ANDHIREEGE THEREYN [ 03 ]

“މީހަކު ވަންނާނެއެކޭ ބުނާކަށް ނޭނގޭ، މިފަރާތަށް ނުކުންނަ ދޮރު ރޭގައި ތަޅުލީ އަހަރެންގެ އަތުން، ސިޓިން ރޫމު ދޮރު ރޭގައި ތަޅުލިންތޯ ކާސިމު ކައިރި އަހަން ޖެހޭނީ، މީހަކު ވަނިއްޔާ ތީ ވަރަށް ދެރަކަމެއް، ތިކޮޓަރިއަށް ފުރަތަމަ ވަންނަން އެމީހަކަށް އެނގޭނީވެސް ބަދިގެފަރާތަށް ނުކުންނަން ހުރި ދޮރުން އެމީހަކު ވަނީމަ” ފާތުމަގެ ވާހަކަ މެދު ކަނޑާލީ ދާރާއެވެ.

“އަދި ވަރަށް އެހެން ކަހަލަ ވާހަކައެއް ބުނަންތަ، އަހަންނަކަށްވެސް ނޭނގޭ މިވާހަކަ ޤަބޫލު ކުރަންވީ ކަމެއް، ހަމަ ގައިމުވެސް ބުއްދި ޤަބޫލު ކުރަން އުނދަގޫ ކަމެއްގެ ވާހަކަ ބުނަން މިއުޅެނީ” ދާރާ ބުންޏެވެ.

“އަނެއްކާ ކޮންވާހަކައެއް” ފާތުމަ، ފިހެވުނު ރޮށިނަގާ ރޮށިއަޅާ ތައްޓަށް ލަމުން ދާރާއަށް ބަލާލިއެވެ. އޭނާ ދާރާއަށް ބަލާލި ގޮތުންވެސް އެހުރީ ދާރާ ބުނަން އުޅޭ އެއްޗެއް އަޑުއަހަން ޝައުގުވެރިވެފައިކަން ހާމަވެއެވެ.

“ބަތީލު ރޭގަ ހަޅޭލެވީ ބިރުންކަން އަހަންނަށް އެނގޭ، އޭނާއަށް ފެނުނީ ދޮރުކަނީގައި އެކޮޅު ކޮޅުން އޮތް މީހެއް، ފާތުމަ، ދޮރުކަނީގައި މީހަކު ހިފަހައްޓައިގެން އޮންނާނީ ކިހިނެއް، އެވެސް އެކޮޅުކޮޅުން، ހިތަށް މިއަރަނީ ބަތީލު ނިދީގައި ހޭލެވުނު ވަގުތު ދޮރުހުޅުވިފަ ހުރީމަ ފެނުނު ގޮތްބާއޭ، ދެން އަނެއްކާ މީހަކު ވަންހެން މަށަށްވެސް ހީވިއޭ، މަވެސް ފުންމައިގެން ތެދުވި ގަޑީގަ ކޮޓަރި ދޮރުމަތިން ހިޔަންޏެއް ހުރަސް ކެނޑިހެން ހީވި، މަށަށްވެސް ޔަގީނެއް ނުކުރެވޭ، ނޫނީ އެއްޗެއް ދޮރުކަނީގައި އިނީބާއޭ، އަހަންނަކަށް ނޭނގުނު މިކަމުގަ އެއްޗެއް ބުނާކަށް، ނިކަން ޚިޔާލެއް ދީބަލަ، ބަތީލު އެހާ ބިރުގަނެފަ ހުރީމަ އަހަރެން ބުނީ މިގެއަށް ވަގެއް ވަނީ ކަމަށޭ އެވާނީ” ދާރާ ކަންބޮޑުވެފައި ހުރިވަރު ފާތުމައަށް އެނގުނެވެ.

“އަހަންނަށްވެސް ތިކަމުގަ ބުނާނެ އެއްޗެއް ނޭނގޭ، މިގެއަކީ އާދަޔާއި ހިލާފު ކަމެއް ދުވަހަކުވެސް ހިނގި ގެއެއް ނޫން، އެހެން ނޫންނަމަތާ ބުނާނީ އެފަދަ ކަމެއް ހިނގާ ފާނެއޭ، ދެން ރަނގަޅު ބަތީލު ގާތު އެހެން ބުނިކަން، އެހެން ނޫންނަމަ އެމަންޖެ ހައްތަހާ ބިރުގަންނާނީތާ ދޯ، މިހާރު ސައިބޯން އަންނަން އުޅޭނެ ކާސިމު އާއި އަންބަރު، އެމީހުން ގާތު ބުނާނީ ގޭގެ އެއްވެސް ދޮރެއްގެ ތަޅު ހުރީ ހަލާކުވެފަތޯ ބެލުމަށް، ޝައްކު ކުރެވެނީ މިފަރާތަށް ނިކުމެވެން ހުރި ދޮރުން ވަން ކަމަށްވިޔަސް އެދޮރުގެ ތަޅު ހެނދުނު ހުޅުވީ އަހަރެންގެ އަތުން، ތަޅުލާފަ ހުރިގޮތަށް ހުރީ” ފާތުމަ ވިސްނާލަމުން ބުންޏެވެ.

މެންދުރު ވެގެން ދިޔައިރުވެސް ދާރާއަށް ޤަބޫލު ކުރެވޭވަރުގެ ޖަވާބެއް ނުލިބުނެވެ. ގޭގެ އެއްވެސް ދޮރަކުން ވަގެއް ވަންނަން މަސައްކަތް ކުރިކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ. ގޭގެ ބިއްދޮށުގަ އާއި ވަންނަ ދޮރު މަތީގައި އޮތް ފަސްގަނޑުގައި މީހެއްގެ ފިޔަވަޅުގެ ނިޝާނެއްހާ ހިސާބުވެސް ފެންނާކަށް ނެތެވެ. އެހެންނަމަވެސް ކުރިން ނުރިހޭ ގޮތަކަށް ދާރާގެ ބޮލުގައިވަނީ ރިއްސާލާފައެވެ. އަދި ހަނގު ދަރިފުޅާމެދު ކަންބޮޑުވެފައިވެއެވެ.

ނިދާލާފައި ތެދުވި ބަތީލު ހުރީ ހަމަ އަކަށް އެޅިފައެވެ. ފާޚާނާއަށް ވަދެ ފެންވަރާލައިގެން ނުކުމެ ރީތިވެލައިގެން އޭނާގެ މިސްރާބު ހުރީ ބަދިގެ ފަރާތަށެވެ. އޭރު އެފަރާތުގައި ބަޔަކު ވާހަކަ ދައްކާއަޑު ބަތީލަށް އިވުނެއެވެ. އެކުގައި ހަދާފައި ހުރި ބަދިގެ އާއި ކާގެ ފެންން ހިސާބަށް ދެވުނު އިރު އެތަނުގައި ތިބީ ފާތުމަ އާއި އޭނާގެ މަންމައެވެ. ދާރާ މުރަނގަފަތް އުތުވަން އިންއިރު، ފާތުމަ ފޯއްވަޅިއަކުން ހިކިމަސްތަކެއް ކޮށަނީއެވެ.

“މަންމާ” ބަތީލު ދާރާއަށް ގޮވާލި ގޮތުންވެސް އޭނާ އެހުރީ ކޮންކަމެއް ބޭނުންވެފައިކަން ދާރާއަށް އެނގުނެވެ.

“ސައިބޯންވީ ދޯ” ދާރާ އިށީނދެގެން އިން ތިރި ގޮނޑިން ތެދުވަމުން ބުނެލިއެވެ. އަދި ބަތީލަށް ސައިބޮވޭނޭ ފަދަ ކޮށްދީފައި އެނބުރި އިންތަނަށް ދާރާ އަތުވެއްޖެއެވެ.

ދުވަހުގެ ވަގުތުތައް ފާއިތުވަމުން ދިޔައިރު ބަތީލަށް ރޭގައި ކަމެއްވެފައި ހުރި ހެންވެސް އޭނާގެ އުޅުމުން ހީނުވެއެވެ. އެއްވެސް މީހެއް ކައިރީ އޭނާ ރޭގައިވީ ކަންތަކުގެ ވާހަކައެއް ނުވެސް ދައްކައެވެ. އެހެންވެ ދާރާ އާއި އަންބަރުގެ އިތުރުން ގޭތެރޭގައި އުޅުނު އެހެން މީހުންވެސް ދެކުނީ ބަތީލު މިހާރު އެހުރީ ހަމަޖެހިފައިކަމަށެވެ. ނަމަވެސް އިރުއޮއްސުމާއިއެކު ބަތީލު އުޅެންފެށީ ކޮންމެވެސް މީހެއްގެ ފަސްފަހަތުންނެވެ. މިރޭވެސް ޚަދީޖާ ކޮންމެވެސް އެއްޗެކޭ ކިޔައިގެން އެގެއަށް ކާން އަންބަރާއި އޭނާގެ ކުދިން ގެންދިޔައެވެ. ނަމަވެސް ދާރާ ނުދިޔައީ އޭނާއަށް ފެންނަ މަންޒަރުތަކަށް ކެތްނުވާނޭކަން އެނގޭތީއެވެ. އަންބަރުގެ ގާތުގައި އެފަދަ ވާހަކައެއް ދެއްކުމަކުން ކުރާނެ ފައިދާއެއް ނޯންނާނެކަންވެސް އެނގޭތީއެވެ.

ރޭގަނޑުގެ އަރާމު ނިދީގައި އެންމެ ތިބިއިރު ބަތީލުގެ ދެލޯވަނީ ހުޅުވާލެވިފައެވެ. ވަށައިގެން ހަތަރު ފާރުގެ ތެރޭގައި ހިނގާނޭ ހުރިހާ ކަމެއް ސާފުކޮށް ފެންނާނޭ ހެންނެވެ. އޭނާއަށް ނިދަން މަސައްކަތް ކުރާއިރަށް ލޮލަށް ސިފަވަނީ ދެލޯ ބޮޑުކޮށްގެން އެކޮޅުކޮޅުން އޮތް ކަޅު އަނދިރިގަނޑެއްފަދަ މީހާއެވެ. އެފަދަ ކޮންމެ ހިނދުކޮޅެއްގައި ގައިގާ ހުރި ލޯލިތައް ކޮޅަށްޖެހި ހީބި ނަގައިގެން ދެއެވެ.

ބަލްމާއަށް ހޭލެވުނީ ނިދީގައި އޭނާއަށް އުއްޑުން ޖެހެވެނިކޮށެވެ. އޭނާގެ މައިންބަފައިން ފުރިފަހުން ކޮންމެ ރެއަކު ހެން ކޮޓަރީގެ ކުޑަދޮރު ކައިރި ބޭރުން އިވޭ އަޑުތަކަށް މިހާރު އޭނާ ދެނީ ބީރު ކަންފަތެކެވެ. އެއަށްވުރެ ބާރަށް ލަވަޖަހާލައިގެން އޮވެ ނިދާލަނީއެވެ. އާންމު ގޮތެއްގައި އަރިއަށް އޮވެ ނިދާ ބަލްމާއަށް އުއްޑުން ޖެހެވުމާއިއެކު އަރިއަށް އެނބުރިލަން އުޅުނެވެ. އެހެންނަމަވެސް ކުއްލިއަކަށް އޭނާއަށް އިޙްސާސް ކުރެވުނީ މީހަކު އޭނާގެ ކޮނޑުގައި ދެއަތުން ހިފެހެއްޓި ހެންނެވެ. ހަމަ އެހިނދުކޮޅުގެ ތެރޭ ބަލްމާ ގަދަ ދައްކާލުމާއިއެކު ހީވީ އޭނާގެ ގައިމަށް ބާރުގަދަ ބިޔަ އެއްޗެއް ވެއްޓި ޖެހިގަތް ހެންނެވެ. ބަލްމާއަށް ތަދުވުމާއި ގަތް ބިރެއްގެ ސަބަބުން ހަޅޭލަވައި ގަނެވުނެވެ. ޖެހިގެން ކަހަލަ ގޮތަކަށް ހުރި ކޮޓަރީގައި ނިދާފައި އޮތް ބިންޏާއަށް އަޑުއިވޭނޭ ނަމައޭ އެވަގުތު ބަލްމާގެ ހިތަށް އެރިއެވެ. ދެތިން ފަހަރު ހަޅޭލަވައި ގަނެވުނެއް ކަމަކު ދެން ކުއްލިއަކަށް ހީވީ ދުލުގައި މީހަކު ގޮއްޖަހާލި ހެންނެވެ. ދޫހަރަކާތް ނުކުރެވޭ ތަނުގައި އަނގަވެސް ހުޅުވާނުލެވުނެވެ. ހަށިގަނޑަށް ބަރުވަމުން ދާވަރަކަށް ބަލްމާއަށް ނޭވާލާންވެސް އުނދަގޫވަމުން ދިޔައެވެ. ބިރުންގޮސް އެނދުގައި އޮތް ބަލްމާއަށް ރޮވިއްޖެއެވެ. ދެލޮލުގެ ހިމަކޮޅުން ލާފައި ކަރުނަތައް ފައިބަމުން ދިޔައިރު، އޭގެ އަސަރު ކުރީ ބޯދަށުގައި އޮތް ބާލީހަށެވެ. އެކަރުނުން ތެމެމުން ދިޔައީ އެބާލީސް ކަމަށް ވީތީއެވެ. މިވަނީ ކިހިނެއްކަން ނޭނގުނަސް، ބަލްމާއަށް ކަމެއް ފާހަގަ ކުރެވުނެވެ. އޭނާގެ ލޮލަށް މީހަކު ނުފެނުނު ކަމުގައި ވިޔަސް އެމީހެއްގެ އަތުގެ ބީހުންތައް ބަލްމާއަށް އިޙްސާސް ވަމުން ދާކަމެވެ. އެންމެ ބޮޑަށް ބަލްމާ ބިރުގަތީ އެހެންވެއެވެ. އެމީހެއްގެ ބޭނުމަކީ ކޮބާކަން ބަލްމާއަށް އެނގެން ގިނައިރެއް ނުނެގިއެވެ. އެއްޗެހި ލައިގެން އޮތް އިރުވެސް ގައިމަތީގައި އޮތް ބަރު އެތިގަނޑުގެ ހޫނު އިޙްސާސް ވުމާޢިއެކު އޭގެ ބީހުންތައް އިޙްސާސްވަނީ ހުރަހެއް ނެތި ދެހަން ޖެހޭހާ ގާތްކަމާއި އެކުއެވެ. އެތެރެ ހަށްޓަށް ކުރުވި ތޫނު ތަދާއިއެކު ބަލްމާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ބަލްމާގެ މެދުހަށި ވަކިން އުފުލިފައި އޮވެ ފާޑަކަށް މީހާ ތެޅެމުންދިޔައެވެ. އަޅާލާނެ މީހަކު ނެތްތަނުގައި އެހީ އަކަށްއެދި ގޮވާލުމުގެ ބާރުވެސް ބަލްމާއަށް އެވަގުތު ލިބިފައެއް ނުވެއެވެ. މިވަނީ އާދައިގެ ކަމެއް ނޫންކަމް އެނގި ހިތަށް ހެޔޮ އެއްޗެއް އަރުވަން އުޅެއުޅެ އެއްވެސް އެއްޗެއް ހިތަކަށް ނައެވެ. ހުރިހާ އެއްޗެއް ހަނދާންނެތިފައި ވާކަހަލައެވެ. ކޮޓަރިން އިވެމުންދަނީ އިނގިރޭސި ލަވައެއްގެ އަޑެވެ. ބަލްމާގެ ސިކުނޑީގައި ހަރުލަމުން ދިޔައީވެސް އެއަޑެވެ. ފަތިސް ނަމާދުގެ ބަންގިއާއި އެކު ބަލްމާގެ މުޅި ހަށިގަނޑަށް ލުއިވެގެން ދިޔައެވެ. އަރާފައިވާ ބާރުވެސް ފިލައިގެން ދިޔައީ ކުއްލިއަކަށެވެ. އެހާމެ އަވަހަށެވެ. އެނދުން ފުންމާލައިގެން ބަލްމާ އަވަހަށް ނުކުތީ ކޮޓަރިން ބޭރަށެވެ. އޭރު ސިޓިން ރޫމަށް ފަތިސް ނަމާދުގެ ބަންގީގެ އަޑު ވަރަށް ބާރަށް އިވެމުންދިޔައެވެ. ބަލްމާ އެއައިގޮތަށް އައިސް ސިޓިން ރޫމުގެ ހޮޅިބުރި ދިއްލާލުމާއިއެކު ޓީވީ ހުޅުވާޅިއެވެ. ވަގުތުން ޗެނަލް ބަދަލު ކޮއްލީ ވީޓީވީއަށެވެ. އޭރު ޓީވީއިންވެސް ބަންގި ގޮވާއަޑުއިވެނީއެވެ. އެއަޑު ބަލްމާގެ ހިތާ ސިކުނޑިއަށް އަމާންކަން ގެނުވިއެވެ. އެހެންނަމަވެސް ސޯފާގައި އިށީނދެ ދެފައި ނަގަމުން، ފައިގެ ކަކުލުގައި އަޅުވާލި އަތުގައި ދަތްދޮޅި ވިއްދާލައިގެން އިނދެ ބަލްމާއަށް އަދިވެސް ރޮވެނީއެވެ. އަތުގައި ދަތްދޮޅި ވިއްދާލަން އުޅުނުވަގުތު އަތުގައި އެޅިފައި ހުރި ދިގު ތިން ނިޝާން ފެނުނެވެ. އެތަން ހުރީ ވަކި އެޅިފައި ހުރި ގޮތަކަށެވެ. ރަތްވެ ތެޔޮހަން ކެނޑިފައެވެ. ކުއްލިއަކަށް ދާރާގެ މަތިން ބަލްމާ ހަނދާންވިއެވެ. ނަމަވެސް ފޯނު އޮތީ ކޮޓަރީގައެވެ. މަންމައަށް ގުޅަން ކިތަންމެ ބޭނުންވިޔަސް އެނބުރި ކޮޓަރިއަށް ވަންނާކަށް ބަލްމާ ބޭނުމެއްނޫނެވެ.

ދާރާ ފަތިސް ނަމާދަށް ތެދުވިއިރުވެސް ބަތީލު އޮތީ ފޯނާ ކުޅޭށެވެ. އެހެންވެ އެކަމާ ސުވާލު ކުރިއެވެ.

“އަދިވެސް ނުނިދަން، މިރޭ ކިހިނެއްވީ ނުނިދާ ތިއޮތީ، އަދިވެސް ކުރިން ރޭގެ ކަންތަކާހެދިތަ” ދާރާ އެހިއެވެ.

“ކަމެއް ނުވޭ، ނިދިނައިސްގެން މިއޮތީ” ބަތީލު ބުންޏެވެ. ދާރާ އެކަން މާބޮޑު ކަމަކަށް ނަހަދާ އާދައިގެ މަތިން އަންބަރަށް ގޮވާފައި ނަމާދަށް އަވަސްވެގަތެވެ.

ބަތީލު ނިދަން އޮށޯތީ ހެނދުނު ބިންމައްޗަށް އަލިވީވެސް ފަހުންނެވެ. އެކަމާ ދާރާ ކުދިކިޔަމުން ކޮޓަރިން ނުކުތެވެ. އަދި ފާތުމަ ހޯދުމަށް ދޮރޯށި ދޮށަށް ގޮސްފައި އެތަނުގައި ނެތުމުން ބަދިގެ ފަރާތަށް ހިނގައިގަތެވެ.

ހެނދުނުގެ ސައިބޯން ފާތުމަގެ ދަނބިދަރިފުޅު ފައިޒާން އާއި، ކާސިމާއި އަންބަރުގެ އިތުރުން މުނީބު ކާމޭޒު ދޮށުގައި ތިއްބެވެ. އެތާ ކައިރީ ޒީނިޔާ ކުޑަމަންޖެ ގޮވައިގެން ހިނގާލަ ހިނގާލަ ހުއްޓެވެ. ފާތުމަ އާއި ދާރާ އެމީހުން ސައިބޯންދެން ފެންނަ ހިސާބުގައި ވާހަކައިގައި ތިއްބެވެ.

“ދަރިފުޅާ، މިއަދު އަޒްކާ ހާދަ ހެނދުނަކާ ހޭލައިގެން މިއުޅެނީ” ދާރާއަށް ފެންނަ ހިސާބުގައި ހުރި ޒީނިޔާއަށް ބުންޏެވެ.

“އާން، ރޭގަ އިރުއިރުކޮޅާ ހޭލަނީ، ކޮންމެ ފަހަރަކު ސިއްސައިގެން ރޯންފަށާފަ ހޭލާގޮތަށް ނުނިދާ، އެހެން އުޅެފަ ނިދޭއިރަށް އަނެއްކާވެސް ސިއްސައިގެން ގޮސްފައި ރޯންފަށަނީ، ތަނެއްގަ އިންނަން ބޭނުންވަނީކީނޫން، އަބަދު ބޭނުންވަނީ އަހަރެން ނޫނީ މުނީބު އުރައިގެން އުޅެން” ޒީނިޔާގެ ވާހަކައިން އޭނާ ހުރީ ކަންބޮޑުވެފައިކަން އެނގެއެވެ.

“އެހެންތަ، ކުޑަކުދިންނަށް ބައެއްފަހަރު މާޙައުލު ބަދަލުވީމަވެސް އެހެންވެދާނެ، މިއަދު މެންދުރަށް އަޒްކާ ފެންވަރުވާނީ މަންމަ އެނގޭ، ދުޢާއެއް ކިޔާލާފައި ފެންއަޅާލަނިކޮށް ރަނގަޅުވެދާނެ އެކަން” ދާރާ ހަމަޖެހިލާފައި ބުނެލިއެވެ.

“މުނީބުގެ ދައްތަ މެންގެއަށް ގޮސްފައި އައިފަހުންނޭ މިހެން މިއުޅެނީ” ޒީނިޔާއަށް ފާހަގަވެފައިވާ އިތުރު ކަމެއްވެސް ހާމަކޮށްލިއެވެ.

“ކޮން، ޚަދީޖާމެންގެތަ” ދާރާ އަހާލިއެވެ.

“އާން، މިގޭން ނެރެގެން ދެން އެހެންތާކަށް ނުގެންދަން އެގެއަށް ނޫނީ” ޒީނިޔާ ޔަގީން ކޮށްދިނެވެ.

“ކޮބާ ފާތުމާ، ހީވޭ ކަމެއްހެން، މީއޭ އަހަރެން ބުނާ ވާހަކައަކީ، ހިތްރަނގަޅުނަމަ މިފަދަ ކަންކަން ވާކަށް ނުޖެހޭނެ އެންނު، ޔަގީނޭ އެމަންޖެއަށް މިހާރު އެހެރީ އެސްފީނާއަށް ފެންއަޅަންވެފަކަން” ދާރާ ނުރުހިފައި މިހެން ބުނީ ކާމޭޒުކައިރީ އިން އަންބަރަށް ނީވޭނޭ ހެންނެވެ.

“މަގޭ މާމަ ދަރިއަށްވެސް ތިކަހަލަ ކަމެއްވި، އެންމެ ފަހުން އާކުޑޭ ބައްޕަލައްވާ ހަމަ ތިބުނާހެން އެސްފީނާއަށް ފެންއެޅީމަ ރަނގަޅުވީ، ކުޑަކުދިންނަކީ ނުލާހިކު ފަސޭހައިން އެކަހަލަ ކަންކަން ޖެހޭ ބައެއް، މަވެސް ޖީޝާން ގާތު ބުނަން، އެސޮރު ގޮވައިގެން ކޮންމެ ކޮންމެ ގެއަކަށް ނުވަންނައްޗޭ، މީ އެކަކަށްވުރެ އަނެކަކު ރަނގަޅަށް އުޅެންޏާ ހަސަދަވެރިވާ ޒަމާން، އަނެއްކާ މިރަށުގައި އެއީދެން ވަރަށް ބޮޑުވެއްޖެ ކަމެއް، މީހުންގެ ހިތްނުބައިވުމާއި، އެކަކު އަނެކަކަށް ފަންޑިތަ ހަދާ މެރުންވެސް. ތިކަމެއް ހިނގީ ކޮންތާކުކަން މިހާރު ތިއޮތީ އެނގެން، މަގޭ ވާހަކައަކީ އެނބުރި ރަށަށް ދެވެން ދެންވެސް ކުޑަމަންޖެ މިގޭން ބޭރަށް ނުލާ އުޅެވޭތޯ ބަލާށޭ” ފާތުމަ އޭނާގެ އަމިއްލަ ތަޖުރިބާ ހާމަ ކުރަމުން ބުނެލިއެވެ.

“ރޭގައި ކޮޓަރީގައި ނުނިދާ ރެއަކީތަ” ހެނދުނު ހެނދުނާ ތެދުވެގެން އުޅުނު ބިންޏާއަށް ސިޓިން ރޫމު ސޯފައިގައި އިން ބަލްމާފެނި އަހާލިއެވެ. އެހެންނަމަވެސް ބަލްމާ އެއްވެސް ޖަވާބެއް ނުދިނެވެ. އެކަމާ ތުންއަނބުރާލި ބިންޏާ އޭނާގެ މަސައްކަތައިގެން އުޅެން ފެށިއެވެ. ޑިއުޓީއަށް ދާންވާއިރަށް ގޭތެރޭގެ މަސައްކަތް ނިންމާލެވޭތޯއެވެ. ބަލްމާ އިނދެ އިނދެފައި ބިންޏާ ކޮޓަރިއަށް ވަނުމުގެ ކުރިން އަވަހަށް އައިސް އޭނާގެ ކޮޓަރީގެ ދޮރު ތަންމިނަށް ހުޅުވާލުމާއިއެކު ކޮޓަރީގެ ހޮޅިބުރި ދިއްލާލިއެވެ. އަދި ދުވަމުން ކަހަލަ ގޮތަކަށް ވަދެފައި އެނދުމަތީ އޮތް ފޯނު ނެނގިއެވެ. އެވަގުތު އެނދުގެ މެދެއްހާ ހިސާބުގައި ވަށްކޮށް ރަތްވެފައި ހުރި ތަންގަނޑެއް ބަލްމާއަށް ފެނުނެވެ. އިތުރަށް ހާސްވިވަރުންނާ ބިރުގަނެފައި ހުރިވަރުން މީހާ ރޫރޫ އަޅާލިއެވެ. އަމިއްލަ މާކަޅުވާމަސް ދޭތެރޭގައި ތެތްކަމެއް ހުރިކަން އިޙްސާސް ކުރެވުނީވެސް ދެނެވެ.

“ބަލްމާ… ބަލްމާ… އައްޗީޑި، މިތަން ސާފު ކުރަން އާދޭ” ބިންޏާގެ ހަޅޭކުގެ އަޑުއިވުނީ ހަމަ އެވަގުތުއެވެ.

ކޮޓަރީގައި ގަނޑުވެފައި ކަހަލަ ގޮތަކަށް ހުރި ބަލްމާއަށް މަޑުމަޑުން އޭނާގެ މާކަޅުވާމަސް ދޭތެރޭގައި އަތްތިލަ ހާކާލުމާއިއެކު ނަގާ ބަލާލިއެވެ. އޭނާގެ އަތްތިލައިގެ އިނގިލިތަކުގެ ކޮޅުތައްވަނީ ރަތްކަންގަދަ ލެއިން ފެވިފައެވެ. އޭރުވެސް ބިންޏާ ހަޅޭލަވާ އަޑު އެކޮޓަރި އާއި ހަމައަށް އިވެމުންދިޔައެވެ. ބިރުގެންފައި ހުއްޓެއް ކަމަކު ބަލްމާ ތާހިރުވުމަށް އަވަސްވެގަތެވެ. ކޮޓަރީގެ ދޮރު ތަންމިނަށް ހުޅުވާފައު ބެހެއްޓުމާއިއެކު އައިސް އަލަމާރިން އޭނާ ލާނެ އެއްޗެހި ނަގާ ތައްޔާރު ކޮއްލުމާއިއެކު ފާޚާނާއަށް ވަނެވެ. ވަށައިގެން ހޯދަމުން ކަހަލަ ގޮތަކަށް ބަލްމާ ހުރެ ފެންވަރަން ފެށިއިރު ފާޚާނާގެ ދޮރުވެސް ހުރީ އެކީގައި ހެން ހުޅުވާލާފައެވެ. ދޭތެރެއަކުން ފެންވަރަން ހުރި އިރުވެސް ފާޚާނާގެ ދޮރުން ބޯދިއްކޮއްލުމާއިއެކު ކޮޓަރި ތެރެ ބަލާލައެވެ. ބަލްމާ ފެންވަރައިގެން ނުކުމެ ރީތިވެލުމާއިއެކު އެނދުގައި އޮތް ބެޑްޝީޓު ނަގާ ތަން ސާފުކުރިއެވެ. މިވަގުތު މަންމަ ގާތުގައި ނެތުމާއިއެކު އޭނާއަށް ކަންތައްތައް ކޮށްދޭނޭ މީހަކު ނުހުންނާނެކަން ބަލްމާއަށް ވިސްނެއެވެ. މެޝިނަށް ދޮންނަން ހުރި އެއްޗެހި އަޅާލުމާއިއެކު މަޑުމަޑުން އައިސް ސިޓިން ރޫމު ސޯފާގެ ހަޑިވެފައި ހުރި ބައިގެ ކަވަރު ނަގާ އެވެސް ދޮންނަން ލައިފިއެވެ. ބިންޏާ އެވަރަށް ހަޅޭލެވި އިރުވެސް ބަލްމާ އެއްޗެއް ނުބުނުމުން އޭނާވެސް އެކަން ހުއްޓާލައިފިއެވެ. އެހެންނަމަވެސް އޭނާއަށްވެސް، ބަލްމާއަށް ކަމެއް ވެފައި ހުރިކަން ފާހަގައެއް ނުކުރެވުނެވެ. ހެނދުނުގެ ސައި ތައްޔާރު ކުރުމާއިއެކު އޭނާ އިށީނީ ކާމޭޒުދޮށުގައި ސައިބޯށެވެ.

މެންދުރުވާން އުޅެނިކޮށް ދާރާގެ ފޯނުކޯލެއް ބަލްމާއަށް އައެވެ.  އެފޯނުކޯލާއިއެކު ބަލްމާގެ ނުތަނަވަސްކަން ވެގެން ދިޔައީ އިިތުރުވެގެންނެވެ.

“މަންމާ، އަވަހަށް އާދެބަލަ މިކޮޅަށް، މިހާރުވެސް ހީވަނީ މާގިނަ ދުވަސްވެއްޖެހެން، ގޭގަ އެކަކުވެސް ނެތީމަ ހާދަ ފޫހިވެޔޭ، މިއޮށްބޮޑު ގޭގަ އެކަނި ހުންނަންވެސް ބިރުގަނޭ” ބަލްމާގެ ވާހަކަތައް އަޑުއިވުމުން ދާރާ ހީނލިއެވެ. އޭނާއަށްވެސް ބަލްމާ އެއުޅެނީ ހަޤީޤަތުގަވެސް ބިރުންކަން އޭނާގެ އަޑަކުން ފާހަގައެއް ނުވިއެވެ. މިފަހަރުވެސް ދާރާ ބުނީ އާދައިގެ މަތިން ބުނާ ގޮތަށެވެ. އަންބަރުގެ ކަންތައްތައް ނިމުނީމަ ހަމަ ފުރަންވީ ކަމުގައެވެ. ދެން ގިނަ ދުވަހެއް ނުވާނެ ކަމުގައެވެ. ބިންޏާ އާއި ދެކުދިން މައްސަލަ ނުޖެހި ރަނގަޅަށް ގުޅިގެން އުޅުމަށެވެ. ބަލްމާއަށްވެސް އިތުރަށް އެއްޗެއް ނުބުނެވުނެވެ.

އަޒްކާ ފެންވަރުވާލައިގެން ގެނެސް ރީތިކޮށްލުމާއިއެކު އެކުއްޖާ ނިދައިފިއެވެ. ތަންމަތީގައި ބޭއްވީވެސް ދާރާގެ ދެއަތުންނެވެ. ޒީނިޔާ އާއި ދާރާގެ އިތުރުން ބަތީލުވެސް އެކޮޓަރީގައި އިނެވެ.

“މަންމާ، މަށަށް ފެންނަނީ ދެން އަވަހަށް އެނބުރި އަހަރުމެންގެ ރަށަށްދާން” ޒީނިޔާ ބުންޏެވެ.

“އާން، މަންމަވެސް ބޭނުންވަނީ ތިގޮތަށް، އެކަމަކު ބައްޕަ ކުރަން އައި ކަންތައް ދުވަހަކު ނިމުނު ކަމަކަށް ނުވި ވިއްޔަ، ކިހިނެއް ނިމޭނީވެސް، އަބަދު އެ ޚަދީޖާ މެންގެ ގޭގައި އުޅެންޏާ، ވަރަށް ފޫހި އަންހެނެއް އެއީ، އޭނާ އެއުޅެނީ އަހަރުމެންގެ ޢާއިލާގެ ކަންތައްތަކަށްވެސް ނުފޫޒު ފޯރުވާނަމޭ ހިތާ” ދާރާގެ އަޑުންވެސް އޭނާ އެކަމަކާއިމެދު ފޫހިވެފައި ހުރިވަރު ޒީނިޔާއަށް ނަގައިގަނެވުނެވެ. އޭރު ޒީނިޔާމެން އިށީނދެގެން ތިބި އެނދުގައި ދާރާގެ ބިއްދޮށުގައި ބަތީލު އޮށޯވެލައިގެން އޮވެ ފޯނާ ކުޅެމުންދިޔައެވެ. އިނގިލތަކަށް ހުއްޓުމެއްނައިސް އޭނާ ދިޔައީ މިންހާޖަށް މެސެޖު ކުރަމުންނެވެ. ދެދުވަސް ވެގެން ދިޔައިރު މިންހާޖަށް ބަތީލާއި ފޯނުން ވާހަކަ ދައްކާލާނެ ވަގުތެއް ނުވިއެވެ. މުޅިންވެސް އެދެމީހުން ވާހަކަދައްކަމުން ދިޔައީ ފޯނުން ބަދަލު ކުރެވޭ މެސެޖުތަކުންނެވެ. އެކަމާ ބަތީލުވެސް ވަނީ ހިތްހަމަ ނުޖެހިފައެވެ. އޭނާ ދޭތެރެއަކުން ބަލްމާއަށް ގުޅާ ރަށުގެ ފޫހިވާހަކަވެސް ދައްކަމުން ދިޔައެވެ. އެކޮޓަރީގައި އެންމެން ތިބޭތާ އެތަށް އިރެއް ވީއިރުވެސް އަޒްކާ ހޭލާކަށް ނޫޅުނެވެ. އެކަމާ ޒީނިޔާ ހިތްހަމަޖެހުނެވެ.

“މަންމަ، އަޒްކޮ ފެންވަރުވާލި ފަހުން އެކަން ރަނގަޅު ވެއްޖެހެން ހީވަނީ” ޒީނިޔާ ހިތްހަމަޖެހިފައި އިނދެ ބުނެލިއެވެ.

ހަވީރު ބިންޏާ ޑިއުޓީއަށް ދާން ނުކުތުމާއިއެކު ބަލްމާ ކަންބޮޑުވިއެވެ. ގޭތެރޭގައި އެކަނި ހުންނަން ޖެހުނީމައެވެ. އަވަސް އަވަހަށް އޭނާ ބަދިގެ ފަރާތުގައި ޗާރޖަށް ޖަހާފައި އޮތް އޭނާގެ ފޯނު ނެގުމާއިއެކު ދިނާރަށް ގުޅާލިއެވެ. އެހެންނަމަވެސް ދިނާރު ކައިރީވެސް ބަލްމާ ހަޤީޤަތެއް ހާމައެއް ނުކުރެއެވެ. މިދޭތެރެއިން ގޭތެރެއިންނާ ކޮޓަރީގައި ނިދާފައި އޮންނަ އިރު އަޑުއަޑު އިވޭ ވާހަކަ ބަލްމާ ވަނީ ދިނާރަށް ކިޔާދީފައެވެ. އެއީ މާބޮޑު ކަމެއްކަމަކަށް އެކަކުވެސް ނުދެކެއެވެ. އެހެންނަމަވެސް ދިނާރުވެސް ހާސްވެ ކަންބޮޑުވީ އޭނާ އެންމެ ލޯބިވާ މީހާއަށް އޭނާ ނޫން އެހެން ފިރިހެނެއްގެ އުނދަގޫ ފޯރާން އުޅޭ ކަހަލަ އިޝާރާތެއް ވާން ފެށުމުންނެވެ.

“ކާމް ޑައުން ބޭބްސް، ރީތިވެލައިގެން ނުކުމޭ، މިދަނީ ބަލާ، ބޭރަށް ގޮސްލާފަ އައިސް ތިބޭނީ ތިގޭގަ، ނޫނީ ދޮންތަ އަންނަންދެން ބެލް ގޮވައިގެން އަހަރެން ތިގެއާއި ދުރުގަވެސް އުޅެފާނަން” ދިނާރު ލޯތްބާއިއެކު ސަމާސާ ރާގެއްގައި ބުނެލިއެވެ.

“އަވަހަށް އާދޭ، އަހަރެން މިހިރީ ތައްޔާރުވެގެން” ބަލްމާ އަވަސް އަވަހަށް ބުނެލިއެވެ. އަދި ފޯނު ކޯލު ކުރުކޮށްލުމާއިއެކު ބަލްމާވެސް ގޭގެ ދޮރު ތަޅުލާފައި އަތްދަބަސް ކޮނޑުގައި އަޅުވާލައިގެން ނުކުތީ ބޭރު ގޭޓު ކައިރިއަށެވެ. ހިރަފުހުގެ އަސަރު އެކުލެވިފައިވާ ބޮޑުމަގުން ސައިކަލުތަކުގައި މީހުން ދާތަން މަދުންނަމަވެސް ފެންނަމުންދިޔައެވެ. ޖެހިގެން ހުރި ގެއާއި ކުރިމަތިން ފެންނަމުން ދިޔަ ބައެއް ގޭގެއިން މީހުން ނުކުމެ އުޅޭތަންވެސް ބަލްމާއަށް ފެންނަމުންދިއުމާއިއެކު އޭނާއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް އިޙްސާސްވެގެން ދިޔައެވެ. އެހެންނަމަވެސް ފަސްއެނބުރި ގޭގެ ގޯތި ތެރެއަށް ބަލާލި ކަމުގައި ވިޔަސް މުޅި މީހާ ފިނިވެގެން ދާފަދަ އިޙްސާސެއް ކުރުވައެވެ. ގޭޓު ލައްޕާލުމާއިއެކު ބަލްމާ ފާރު ކައިރިއަށް އެއްފަރާތަކަށް ޖެހިލައިގެން ހުއްޓާ ދުރުން ދިނާރު އަންނަތަން ފެނުނެވެ. ރޫހުކެނޑިފައި ހުރި ބަލްމާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިއުމާއިއެކު އެދޮންމޫނުމަތި އަލިވެގެން ދިޔަކަހަލައެވެ. މީހާއަށް ދިރުން ގެނުވި ހިނިތުންވުމަކަށް އެހިނިތުންވުން ވެގެން ދިޔައެވެ.

“ހިނގާ ދަމާ، އަރާ” ދިނާރު ބުންޏެވެ.

“ކާކުގެ ސައިކަލެއްގަ ތިއައީ” ބަލްމާ ހިނިއައިސްފައި ހުރެ އަހާލިއެވެ.

“ތިއްތިގެ ސައިކަލުގަ، އޭނާވީ ނައިޓް ފިޝިންއަށް ގޮސް، އެހެންވެ ދަމުން ސައިކަލު ތަޅުދަނޑި މަށާ ހަވާލުކޮށްފަ ދިޔައީ” ދިނާރު ބުންޏެވެ.

“ކޮންތާކަށް މިދަނީ” ބަލްމާ، ދިނާރުގެ ފަހަތަށް ސައިކަލަށް އަރާފައި އަހާލިއެވެ.

“ސައިކަލުގަ އުޅޭއިރު އެކޮޅު އަވަށާ ތަންތަން ބަލާލާ ދުއްވާލަން ދާން ކަމަށް ހިތަށް އެރީ، ހިނގާލާފަ ދާން އެއީ މާދުރެއްނު، ދުއްވާލާފަ ބެލް ގޮވައިގެން ކޮފީއަކަށް އަރާނީ، އެގޮތް އެންމެ ރަނގަޅެންނު” ސައިކަލުގައި އިން ދިނާރު ކުޑަކޮށް އެއްފަރާތަކަށް އެނބުރިލަމުން ބަލްމާއަށް ބަލާލާފައި ބުނެލިއެވެ. އަދި ބަލްމާގެ އަތުގައި ހިފާލާފައި ގެނެސް ގަޔާ ކައިރިކޮށްލުމާއިއެކު ސައިކަލު ދުއްވާލައިފިއެވެ. ބަލްމާވެސް ބޭނުންވީ ހަމައެހެން ދިނާރުގެ ގައިގާ ތަތްވެގެން އޭނާގެ ކޮނޑުގައި ބޯއަޅާލައިގެން އޮންނާށެވެ.

އިރުއޮއްސުނުއިރު ބަލްމާ އާއި ދިނާރު ތިބީ އާދައިގެ މަތިން ގޮސް އުޅޭ ޑޫމް ކެފޭ ތެރޭގައެވެ. ދެމީހުންވެސް ތިބީ ވަރަށް ކައިރީގައި އިށީނދެލައިގެން ހޫނު ކޮފީތައްޓެއް ބޯށެވެ. ދުނިޔެމަތި އަނދިރިވަމުން ދިޔަ ވަރަކަށް ބަލްމާއަށް ބުނެދޭން ނޭނގޭ ފިނިކަމެއް ހަށިގަނޑަށް އިޙްސާސް ކުރެވެމުންދިޔައެވެ. ދިނާރު ގާތު ބުނަން ހިތަށް އަރާފަވެސް އެވަގުތު ކޮޅުގެ ހިތްގައިމު ކަމުން އެކަން ނިމުމަކަށް އަންނަން ބަލްމާ ބޭނުން ނުވީއެވެ. އެހެންނަމަވެސް މާގިނައިރަކު އެހެނެއް ނީނދެވުނެވެ. ބަލްމާގެ ބޮލުގައި ރިހެން ފެށީ ތިހެންނެއް ނޫނެވެ. ހީވަނީ އަނބުރައި ގަނެފާނެހެންނެވެ. މަޑުމަޑުން އިސްޖަހާލުމާއިއެކު ދެލޯ މަރާބާރު ކޮއްލެވުނީ ރިހުން ކެނޑިގެން ދާން ބޭނުންވާ ވަރުންނެވެ. އެހެންނަމަވެސް އޭގެ ބަދަލުގައި ރިހުންވަނީ ހައްތަހާ ގަދައެވެ.

“ކިހިނެއްވީ” ދިނާރަށްވެސް ބަލްމާއަށް ގޮތްތަކެއް ވާކަން ފާހަގަވުމާއިއެކު އަވަހަށް އަހާލެވުނެވެ.

“ބޮލުގަ ރިއްސަނީ” ބަލްމާ ބުންޏެވެ.

“ހާދަ ހޫނޭ، ބެލް ހުންހައީނު، އެހެންވީމަ ބޮލުގަ ރިއްސާނެ އެންނު، މިހާ ފިނީގަ ބޭރުގަ އުޅޭތީ ހުންގަދަވާތީ ކަންނޭގެ ބޮލުގަ ރިއްސަން އެފެށީ، ހިނގާ ގެއަށް ދަމާ، ބޭސް ހުންނާނެތަ، ނެތިއްޔާ ގަނެގެން ދާނީ” ކޮފީ ތަށިން އަތްދޫކޮއްލުމާއިއެކު ބަލްމާގެ ނިތްކުރީގައި ދިނާރުގެ އަތްތިލަ ޖެހުމާއިއެކު ބުންޏެވެ. އޭނާ އަވަސްވީ ބަލްމާ ގޮވައިގެން ގެއަށްދާށެވެ. އެކަމަކު ބަލްމާ ގެއަށް ދާކަށް ބޭނުމެއްނޫނެވެ.

ޑޫމް ކެފޭއިން ނުކުންނަން އުޅެނިކޮށް އެތާގައި ހުރި ގަސްތަކުގެ ތެރެއިން މީހަކު ބަލަން ހުރިހެން ބަލްމާއަށް ހީވިއެވެ. އެހެންވިޔަސް އޭނާ އެކަން ޔަގީން ކުރާކަށްވެސް ބޭނުމެއްނުވިއެވެ. އަވަސް އަވަހަށް ދިނާރުގެ އަތުގައި ބާރަށް ހިފާލުމާއިއެކު ދެމީހުން ވެގެން އެތަނުން ނުކުމެއްޖެއެވެ. ގޭގައި ބޭސް ހުންނާނެކަން ބަލްމާއަށް ޔަގީން ނުވާތީ ދިނާރު އޭނާއަށް ބޭސް ގަނެދިނެވެ. ދެމީހުން އެކުގައި އައިސް ގޭތެރެއަށް ވަންއިރު މުޅި ގޭގެ ގޯތި ތެރެވަނީ އަނދިރިވެފައެވެ. އިރުއޮއްސުނުއިރު ގޭގައި މީހަކު ނޫޅޭތީ ގޯތިތެރެއަށް އަލިވާގޮތަށް ހުރި ބޮކިތައްވެސް ހުރީ ނުދިއްލިފައެވެ. ބަލްމާ ވަރަށް އަވަހަށް ބިރުގަންނާނެކަން ދިނާރަށް އެނގޭތީވެ އޭނާގެ ފޯނުން އަލިކުރަމުން ގޭތެރެއަށް ވަދެގެންދިޔައެވެ. އޭރުވެސް ބަލްމާއަށް ހީވަނީ މީހަކު އޭނާއަށް ބަލާހެންނެވެ. މައިގެ އާއި ހަމައަށް ނުދެވެނިސް ގޭގެ ގޯތިތެރޭގައި ހުރި ކަނީރުގަހުގެ ގޮފިތަށް ހީވީ ރަބަރުވެގެން ދިޔަހެންނެވެ. ހުރިހާ ގޮފިތަކެއް ކަހަލަ ގޮތަކަށް ބަލްމާ އާއި ދިނާރުމެންނާ ދިމާލަށް ލެނބިލި ލެނބިލީނުން ހީވަނީ ބިމުގައި ޖެހިދާނެހެންނެވެ. ބަލްމާއަށް ބޭއިޙްތިޔާރުގައި ހަޅޭލަވައި ގަނެފައި ދިނާރުގެ ގައިގާ ބާރަށް ބައްދާލެވުނެވެ. ދިނާރުގެ ހިތްވެސް ތެޅިގަތީ ބުނެދޭން ނޭނގޭހާ ބާރުމިނެއްގައެވެ. އޭނާވެސް ޖެހިލުންވީ ލޮލަށް ފެނުނު އާދަޔާއި ހިލާފު މަންޒަރުންނެވެ. އަނެއްކޮޅުން ބަލްމާގެ ހަޅޭކުގެ އަޑު އެހަމަހިމޭން މާޚައުލުގައި ގުގުމައިގެން ދިޔަލެއް ބާރުކަމުންނެވެ. ދެމީހުންގެ ހިނގުން ބާރުކޮއްލުމާއިއެކު އަވަހަށް ގޮސް ގޭގެ ދޮރު ހުޅުވަން މަސައްކަތް ކުރިއެެވެ. ބަލްމާގެ އަތް ތުރުތުރު އަޅާވަރުން ތަޅުދަނޑި އާއި ތަޅުވަޅަކާ ދިމަލެއް ނުވެއެވެ. ދިނާރު ބަލްމާގެ އަތުން ތަޅުދަނޑި އަތުލާފައި ދޮރުހުޅުވިއެވެ.

ދިނާރަށްވެސް ފެނުނު މަންޒަރުތަކާއި މެދު އަޖައިބުވެފައި ހުރި ހާލުގައި އަވަސް އަވަހަށް ބަލްމާ އާއިއެކު ގޭތެރެއަށް ވަދެވުމާއިއެކު ދޮރުލައްޕާ ތަޅުލެވިއްޖެއެވެ. އޭރު ގޭތެރޭގައިވެސް އެއްވެސް އަލިކަމެއް ނެތެވެ. ބަލްމާއަށް އެކަނި އެންމެ ފިޔަވަޅެއްވެސް ކުރިއަށް އަޅާލާކަށް ނުކެރުނެވެ. އެހެންވެ ދިނާރުގެ އެހީގައި އޭނާގެ އަތުގައި ހިފަހައްޓައިގެން ހުރެ ހިނގައިގަތީ ސޯފާ އާއި ދިމާލަށެވެ. އެންމެ އަވަހަށް އަތުގައި ޖެހޭނީ އެދިމާލުގައި ހުރި ފާރުގައި ހަރުކޮށްފައިވާ ސުވިޗު ބޯޑުކަމަށް ވާތީއެވެ. އޭރުވެސް ބަލްމާއަށް މީގެ އިރުގަނޑެއް ކުރިން ފެށިގެން ކުރެވެމުން އައި އިޙްސާސަށް މެދު ކެނޑުމެއް ނާދެއެވެ. އަދިވެސް އޭނާއަށް ހީވަނީ ދިނާރު ނޫން އިތުރު މީހަކު އޭނާގެ ގާތުގައި އުޅޭހެންނެވެ. އޭނާއަށް ބަލަމުން ފާރަލަމުން ދާހެންނެވެ. ވަރަށް ގާތުންނެވެ.

ކުއްލިއަކަށް ދިއްލިގެން ދިޔަ ބޮކީގެ ހުދުއަލި ސިޓިން ރޫމާ މުޅި ގޭތެރެ އަލިކޮއްލިއެވެ. ތަންތަން ފެންނަން ފެށުމުން ބަލްމާ އަވަސްވެ ގަތީ ގޯތިތެރެ ދިއްލުމަށްޓަކައި ހަރުކޮށްފައި ހުރި ސުވިޗު ބޯޑާ ދިމާލަށް ދާށެވެ. އެހެންނަމަވެސް އޭގެ ކުރިން އޭނާގެ ލޮލުގައި ކުޑަދޮރުތަކުގެ ދެފަރާތަށް ކަހާލެވިފައި ހުރި ދޮރު ފޮތިތަށް އަޅައިގައިތަވެ. އަވަސް އަވަހަށް ދޮރުފޮތިގަނޑުގެ އެއްފަރާތުގައި ހިފާގެނެސް އަނެއްފަރާތު ފޮތިގަނޑުގައި ހިފަން އުޅެނިކޮށް، ކުއްލިއަކަށް ބަލްމާއަށް ފަހަތަށް ފުންމައިގަނެވުނީ ސިހުނުވަރުންނެވެ. މިމަންޒަރު ފެނުނު ދިނާރު، ބަލްމާގެ ގާތަށް ފިޔަވަޅެއް އަޅާލަންވީ އިރަށް ބަލްމާ އައިސް އޭނާގެ މޭގައި އޮޅުލައިގަނެ ރޯން ފަށައިފިއެވެ. އެތަކެއް ސުވާލުތަކެއް ހިތާ ސިކުނޑިއަށް ޖަމާވެފައި ވިއެއް ކަމަކު ބަލްމާ ރޯތަން ފެނި އެސުވާލުތަކަށް ސިކުނޑީގައި މަޑުޖައްސާލުމަށްފަހު ބަލްމާ ރޯންވީ ސަބަބެއް އޮޅުން ފިލުވުމަށް ދިނާރު އަވަސްވެގަތެވެ.

“ބެލް ކީއްވެ ރޮނީ، ހާދަ ހުންވެސް ގަދައޭ، އެހަށް ހިނގާ ބޭސް ކަމާ ދޯ” ދިނާރުގެ އަތުގެ ތެރޭގައި ބަލްމާ ބާރުކޮށްލަމުން އޭނާ ބުންޏެވެ. އެހެންނަމަވެސް އެއްޗެއް ބުނުމުގެ ބަދަލުގައި ބަލްމާއަށް އަދިވެސް ރޮވެނީއެވެ. އެހެންހުރެ ރޮމުން މަޑުމަޑުން ދިނާރުގެ މެޔާ މޫނު ދުރުކޮށްލުމާއިއެކު ކުޑަދޮރާދިމާލަށް ބަލްމާ ބަލާލިއެވެ. އޭނާ ސިހުނީ އެތަނުގައި ހުރި ކަޅުހިޔަންޏެއް ފަދަ އެއްޗެއް ފެނިފައެވެ. ދެލޯ ބޮޑުކޮށްގެން ހުރެ ބަލަނީ ބަލްމާއަށެވެ. ކުޑަދޮރުގެ ބޭރުގައި އެއެއްޗެއް ހުރިއިރު ގަދަ އަނދިރިކަމުގެ ތެރެއިންވެސް އޭގެ ކަޅުކަން ގަދަވެގެން ވެއެވެ. ފާހަގަވަނީވެސް އެހެންވެއެވެ. އިންސާނެއްގެ ގައިގާ ކަޅުދެލި އުނގުޅި ކަމުގައިވިޔަސް އެހާ ކަޅުނުވާނެކަން ބަލްމާއަށްވެސް އެނގެއެވެ. އަނެއްކޮޅުން އެދެލޮލުގައި އިންސާނީ ވިދުވަރެއް އެކުލެވިފައެއް ނުވެއެވެ. އެއަށްވުރެ އެދެލޮލުން ފެންނަނީ އެހެންމީހުންގެ ހިތްތައް ބިރުވެރިކަމުން ފުރާލާ ފަދަ ރަޙުމުކުޑަކަމެކެވެ. ބަލްމާގެ ހިތަށް ވަން ބިރުވެރިކަމާއިއެކު ހަޅޭލަވައި ނުގަނެވުނީ ކިރިޔާއެވެ. ހިތްވަރުކޮށްފައި ބަލްމާ ދިނާރާއި ދުރަށް ޖެހިލީ ކުޑަދޮރުގެ ކައިރީ ބަލަހައްޓައިގެން ހުރީ އިންސާނަކަށްވިޔަސް އަދި އެހެން ދިރުން ހުރި އެއްޗެއް ކަމުގައި ވިޔަސް އޭގެ ވާހަކަ ދިނާރަށް ކިޔާދިނުމަށެވެ. އެހެންނަމަވެސް އޭނާގެ އަނގައިން ބަހެއް ބުނެވުމުގެ ކުރިން ރޭގައި ދުލުގައި ގޮއްޖެހުނު ފަދަގޮތަކަށް ދުލުގެ ހަރަކާތްކަނޑިއްޖެއެވެ. އަތުގެ އިޝާރާތުން ކުޑަދޮރަށް ބަލްމާއަށް ދިއްކޮށްލެވުނު އަތާއިއެކު މީހާ ކުއްލިއަކަށް އިދިފުށަށް ދަމައިގަނެ ފަހަތަށް ވެއްޓެން ދިޔައެވެ. ދިނާރު އެފަދަ ކަމަކަށް ތައްޔާރުވެގެން ނެތްކަމުގައި ވިޔަސް ހުޝިޔާރުކަމާއިއެކު ބަލްމާގެ ގައިގާ ހިފެހެއްޓޭތޯ މަސައްކަތްކުރިއެވެ. އެއާއިއެކު ބަލްމާ އަތްދިއްކޮށްލި ދިމާ ކަމަށްވާ، ކުޑޮދޮރަށް ދިނާރުވެސް އަވަސް ނަޒަރެއް ދިނެވެ. އެހެންނަމަވެސް އެތަނުން އޭނާއަށް އަނދިރިކަން ނޫން އެހެން އެއްޗެއް ނުފެނުނެވެ. ހާސްވެފައި ހުރި ދިނާރަށް ބަލްމާ ހިފަހައްޓާލެވޭ ގޮތެއްނުވިއެވެ. އަތްފައި އާދައިގެ އިންސާނަކަށް އަނބުރާލެވޭނޭ ވަރަށް ވުރެ ބޮޑަށް ބަލްމާ ބުޅިކަރުވަމުން ދިޔުމާއިއެކު ދިނާރުވެސް ބިރުގެންފިއެވެ. އޭގެ އިތުރުން ބަލްމާގެ އަނގައިން ނުކުންނަމުން ދިޔައީ ބަލްމާގެ އަޑަށްވުރެ ބަރު ކުރަކި އަޑެކެވެ. އެއަޑު ކަންފަތަށް އިވުމުގެ އިތުރުން ހީވަނީ މުޅި މީހާގެ ހަށިގަނޑުވެސް ބިރުން ފިތްކަނޑުވާލާފާނެ ހެންނެވެ. ހަދާނެ ގޮތެއް ނޭނގި ދިނާރު ބަލްމާ ތެޅެމުންދިޔަ ހަށިގަނޑު ހިފެހެއްޓޭތޯ އެތަށް ފަހަރަކު މަސައްކަތްކުރިއެވެ. ނަމަވެސް އޭނާއަށްވުރެ ބަލްމާގެ ބާރު މާގަދައެވެ. ބަލްމާގެ އެންމެ އަތެއްވެސް އޭނާއަށް ކޮންޓްރޯލު ނުކުރެވުނެވެ. އެވަގުތު ސިކުނޑިއަށް ވަނީ ރަޙުމަތްތެރިއަކާ ގުޅުމުގެ ޚިޔާލެވެ. އަވަސް އަވަހަށް ޖިންސުގެ ޖީބުގައި އޮތް ފޯނުނަގާ ނަންބަރަކަށް ގުޅާލިއެވެ.

“މަޑޭ، އިތުރު ސުވާލެއް ނުކޮށް، ނިކަން އަވަހަށް ބެލްމެން ގެއަށް އައިސް ދީބަލަ، މިއުޅެނީ ބެލްއަށް ކަމެއްވެގެން” ހާސްކަމާއިއެކު ދިނާރު ބުނެލިއެވެ.

“ސަޕްރައިޒެއް އޮތީތަ” މުޢާދު އެއްވެސް ވަރަކަށް ސީރިއަސްކަމެއް ނުދެއްކިއެވެ.

“އޭތް! މަ ވަރަށް ސީރިއަސްކޮށޭ މިބުނީ، ބެލްއަށް ގޮތެއްވެގެން މިގުޅީ، މިގޭގަ ނެތް އެކަކުވެސް، އޭނާގެ ދޮންތަވެސް ގޭގަނެތިސް، އަހަންނަށް ހަދާނެގޮތެއް ނޭނގޭ، ވަރަށް އަވަހަށް އާދެބަލަ، މިންހާޖަށްވެސް ގުޅާފަ ބުނައްޗޭ، ޕްލީޒް އަވަހަށް އަނައްޗޭ މަޑޭ” ދިނާރު ހުރީ ހަމަ ރަނގަޅަށްވެސް ކަންބޮޑުވެފައިކަން މުޢާދަށް އެވަރުން އެނގުނެވެ. އެހެންވެ އާންމެންގޭ ޖޯލީގައި އޮވެފައި އޭނާ ތެދުވީ ބަލްމާ މެންގެއަށް ވީހާވެސް އަވަހަކަށް ދިއުމަށެވެ. އޭނާ އާއި އާން ގޮވައިގެން ހިނގައިގަތް އިރު، މިންހާޖަށް ގުޅާފައި މިވާހަކަ ކިޔާދީފިއެވެ.

ވާހަކަދައްކާ ނިމިގެން ފޯނު ކަނޑާލުމާއިއެކު މިންހާޖުގެ ތުންފަތަށް ވެރިވެގެން ދިޔައީ މާނަފުން ހިނިތުންވުމުކެވެ. އަދި ދެފަރާތަށް ބަލާލުމާއިއެކު ހިނިއައިސްފައި ހުރެ އޭނާވެސް ހިނގައިގަތީ ބަލްމާ މެންގެ ގެއަށް ދިއުމަށެވެ. ހިތާ ސިކުނޑީގައި ކަންތައްގަނޑެއް ފޮރުވައިގެން ހުރެ ކަހަލަ ގޮތަކަށެވެ.

ދޮރުގައި ޓަކިދިން އަޑާއިއެކު ދިނާރު ދިޔައީ ސިއްސައިގެނެވެ. ނަމަވެސް އަވަހަށް އައިސް ދޮރު ހުޅުވާލިއިރު ދޮރުމަތީގައި ތިބީ މުޢާދު އާއި އާނެވެ. އަދި އެމީހުންގެ ފަހަތުން ކަހަލަ ގޮތަކަށް މިންހާޖުވެސް އެގެއަށް ވަނެވެ.

“ވަޓް ދަ…، ބެލް އަށް ކިހިނެއްވެފަ އެއޮތީ” އާންއަށް ބުނެވުނެވެ. ވަގުތުން ދިނާރު ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލުމާއިއެކު “ހުޝް” އަޑު ލައްވާލިއެވެ.

“ދިނާރު، ބަޑީ، މީ އާދައިގެ ކަމެއް ނޫންކަން ނޭނގެނީތަ، މީ ޖިންނީގެ ކަމެއް” ދެލޯބޮޑުކޮށްގެން ބަލްމާއަށް ބަލަން ހުރި މުޢާދު ވަރަށް ސިއްރުން ބުންޏެވެ. ނަމަވެސް ހަމަ އެވަގުތު ބަލްމާގެ ހަށިގަނޑަށް އިތުރު ބާރުތަކެއް އަރައިގެން ދިޔައެވެ. ދިނާރަށް ދުރުގަ ބަލާކަށް ނުހުރެވުނެވެ. އައިގޮތަށް އައިސް ބަލްމާގެ ހިއްލެމުންދިޔަ މެދުހަށި ތިރިކުރެވޭތޯ މަސައްކަތް ކުރިއެވެ.

“އަހަންނަށް އެހީވެ ދީބަލަ، ބެލްގެ ގައިގާ ހިފަހައްޓަން އާދެބަލަ” ދިނާރު އާދޭހުގެ ރާގެއްގައި ހާސްކަމާއިއެކު ބުނެލިއެވެ. ހަމަ އެވުގުތު މިންހާޖު ކުރިއަށް ނުކުމެ ބަލްމާގެ ގާތަށް އައިސް ތިރިވެލުމާއިއެކު ބަލްމާގެ އުނަގަނޑުގައި ހިފާލުމާއިއެކު ތުންތަޅުވާލިއެވެ. އެންމެން ބަލަން ތިއްބާ މަޑުމަޑުން ބަލްމާގެ ހަށިގަނޑުގެ ވާންކަން ކުޑަވެ ތަޅުންމައްޗަށް ދެމެމުންދިޔައެވެ. ހައިރާންވިއެއްކަމަކު ދިނާރުގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. ބަލްމާގެ އެނބުރިފައި އޮތް ފައިތިލަވެސް އާދައިގެ ހުންނަ ގޮތަށް އަލުން ބަދަލުވެގެން ދިޔައެވެ. އެހެންނަމަވެސް ބަލްމާގެ ދެލޯވަނީ މެރިފައެވެ. ބަލްމާ ހަމަޖެހުމުން އާން އަވަހަށް އައިސް ކުޑަދޮރުތަކުގެ ދޮރުފޮތިތައް ކަހާލީ ގޯތިތެރެ އަނދިރިކަމުން އޭނާ ބިރުގަންނަ ގޮތްވާތީއެވެ. ދިނާރު މަޑުމަޑުން ބަލްމާގެ މޫނުގައި ފިރުމާލިއެވެ. ނަމަވެސް ބަލްމާ ހީވަނީ ޚަބަރު ހުސްވެފައި އޮތްހެނެވެ. ދިނާރުގެ އިނގިލިތައް ބަލްމާގެ ނޭފަތާ ގާތްކޮށްލުމާއިއެކު އޭނާ ޗެކުކުރީ ބަލްމާ ނޭވާލާތޯއެވެ. އެކަން ޔަގީން ވުމާއިއެކު މަޑުމަޑުން ބަލްމާ އަތްދަނޑިމައްޗަށް އުފުލާލުމާއިއެކު ކައިރީގައި ހުރި ސޯފާމަތީ ބާއްވާފައިފިއެވެ. އަދި ބަލްމާއަށް ހޭވެރިކަން ވާނޭ އިރެއްގެ އިންތިޒާރުގައި އެންމެންތިއްބެވެ.

“މިންހާޖު، ބެލްއަށް ކިހިނެއްތަ ތިހެދީ” އާން ޝައުގުވެރިކަމާއިއެކު އަހާލިއެވެ.

“އޭން! އަހަރެން ބެލްއަށް ގޮތެއް ހަދައިފިންތަ” ކުއްލިއަށް މިންހާޖަށް ބުނެވުނެވެ.

“ސާބަސް، މިބުނީ ބެލް އެހާ ފަސޭހައިން ރަނގަޅު އެވީ، މިންހާޖު ކީއްކޮށްގެންހޭ” އާން ކުރިން ބުނި އެއްޗެއްގެ މާނަ އޮޅުނީކަން އެނގި އަނެއްކާވެސް އޭނާ މިންހާޖަށް ބުންޏެވެ.

“އެއީ ރައްޓެއްސެއްގެ ފަރާތުން އެނގުނު ތަންކޮޅެއް، އޭނާ ބުނި އެތަންކޮޅު ކިޔާލީމަ އެވަގުތަށް ރަނގަޅުވާނޭޔޭ، ދިނާރު، ބެލްއަށް މިހެންމިވީ ކީއްވެތަ، ކޮންތާކަށް އޭނަ ގޮވައިގެން ވަނީތަ” މިންހާޖު ބުނިގޮތުން ދިނާރަށް ހީވީ ބެލްއަށް މިހެންމި ދިމާވީ އޭނާގެ ސަބަބުން ހެންނެވެ.

“ބެލް އަހަންނަށް ގުޅީމަ އަހަރެން އައީވެސް، އައި އިރު އޭނަ ހުރީ ހުންއައިސްފަ، އޭގެ ކުރިން ކަމެއްވިކަމެއްވެސް އަހަންނަށްކަށް ނޭނގޭ، އޭނަ ގޮވައިގެން ދުއްވާލާފަ، ޑޫމްއަށް ކޮފީއަކަށް އެރީ، ދެން މާބޮޑަށް ބެލްގެ ބޮލުގަ ރިއްސަން ފެށީމަ މިއައީ ގެއަށް، އަދި އެނގޭތަ…” ދިނާރު އެތަނުގައި ތިބި އެންމެނަށް ކަންހިނގާ ދިޔަގޮތް ކިޔާދިނެވެ. ގޯތިތެރޭގައި އިންދާފައި ހުރި ކަނީރުގަހުގެ ގޮފިތައް އޭނާ އާއި ބަލްމާ އާއި ދިމާލަށް ލެނބިގެން ދިޔަ ގޮތްވެސް ދިނާރު ކިޔާދިނެވެ. އާން ކަންބޮޑުވެފައި އިންއިރު މުޢާދު އާއި ދިނާރުވެސް ވިސްނަމުން ދިޔައީ އެފަދަ ކަމެއް ދިމާންޖެހޭނެ ސަބަބަކާ މެދު އެވެ. މިންހާޖުގެ ނަޒަރު އޭރުވެސް ހުއްޓިފައި ހުރީ ސޯފާގައި އޮތް ބަލްމާއަށެވެ. އޭނާ ފުންވިސްނުމެއްގައި އިންހެން ހީވެއެވެ.

“ދެން ހޭލާފަ އަހަންނަށް ނޫނެކޭ ބުނާކަށް ނުކެރޭނެ، މިހާރު މިއިނީ މިގެއަށް ވަދެ، ބައްތުއެއް ނޫން އަހަރެން މިގެއަށް ވެއްދީކީ، ދެން އަހަރެން އެދޭހާ ކަމެއް ބެލްއަށް ޖެހޭނީ ކޮށްދޭން” ބަލްމާއަށް ބަލަހައްޓައިގެން އިން މިންހާޖުގެ ސިކުނޑީގައި ވިއެވެ.

“މިންހާޖު، މީ ޖިންނި ފަރާތުކަމެއް ދޯ” މުޢާދު ޔަގީންކޮށްލަން ބޭނުންވި ކަހަލައެވެ. އެއާއިއެކު މިންހާޖު މަޑުމަޑުން ބޯޖަހާލީ އާނއެކޭ ބުނާށެވެ.

“ދިނާރު، ބެލްގެ ދޮންތައަށް ގުޅަންވީނު، އޭނަ ނޫނީ މިވަގުތު ބެލްގެ ފެމެލީ މެންބަރެއް ނެތެއްނު، މިކަހަލަ ކަމެއް ވެގެންދާއިރު ފެމެލީއަށް ނާންގާ ތިބޭކަށް ނުވާނެއެންނު” ދިނާރުގެ އަތުގައި ކޮއްޓާލި އާން ބުންޏެވެ.

“ނޫން…” ބަލި އަޑަކުން ބަލްމާ ބުނެލިއަޑުއިވުނެވެ. ދިނާރު އަވަސް އަވަހަށް ބަލްމާގެ ގާތަށް ލެފިލައި އޭނާ ސޯފާއިން ތެދުވަން އެހީތެރިވެދިނެވެ. އަދި ބަލްމާގެ ގައިގާ ހިފަހައްޓާލައިގެން އޭނާގެ ގާތުގައި އިށީނދެލައިގެން އިނެވެ.

“އާން، ފެންފޮތެއް ގެނެސްބަލަ” ދިނާރު ބުންޏެވެ. އާން އައިސްއަލަމާރިން ފެންފުޅިއަކާ ކާމޭޒުމަތީގައި ހުރި ބިއްލޫރިތަށިތަކުން ތައްޓަކާ ހިފައިގެން އައިސް، އެތަށްޓަށް ފެންއަޅައި ދިނާރުގެ އަތަށް ދިއްކޮށްލިއެވެ. ދިނާރު ފެންތަށި ބަލްމާގެ ތުނބުގައި ޖައްސާލުމާއިއެކު ބަލްމާ ވަރުނެތްގޮތަކަށް ތަށީގައި އަތްޖައްސާލައިގެން އިނދެ ފެންތަށި ބޯލިއެވެ.

“ބެލް، ވީގޮތް ކިޔާދީބަލަ، މީގެ ކުރިން މިކަހަލަ ކަމެއްވިތަ، ފެމެލީއަށް ނޭންގުމަކީ މޮޔަ ޚިޔާލެއް، މަންމަމެނަށް އެނގުނީމަ އެންނު އަވަހަށް އެނބުރި ރަށަށް އަންނާނީވެސް، އެމީހުންވެސް ކިހާ ކަންބޮޑުވާނެ، ބެލްއަށް މިކަން އާންމުކޮށް ދިމާވަންޏާ މީ ވަރަށް ބޮޑު ގޯހެއް” ދިނާރު ވާހަކަދެއްކީ ލޯތްބާއި އޯގާތެރި ކަމާއިއެކުއެވެ.

“އަހަރެން މިބުނީނު އެމީހުން ގާތު ބުނާކަށް ބޭނުމެއްނޫނޭ، އަހަރެން ކައިރީ މަޑުކުރަން ތިއެންމެން ބިރުގަންނަންޏާ ދިޔަޔަސް އެންމެ ރަނގަޅު، އަހަރެން އެކަނި ހުރެދާނަން” ރުންކުރުގޮތަކަށް ބަލްމާ ބުންޏެވެ. އާންމުގޮތެއްގައި ބަލްމާއަކީ އެހާ ފަސޭހައިން ރުޅި އަންނަ ކުއްޖެއް ނޫނެއެވެ. އެހެންވެ އެންމެނަށްވެސް އެވަގުތު ބަލްމާ އެއިނީ ވަރަށް ބޮޑަށް މާޔޫސްވެ ކަންބޮޑުވެފައިކަން އެނގޭތީ ބަދަލުގައި އެއްޗެއް ނުބުންޏެވެ.

“ދެން ފަހުން އެވާހަކަ ދައްކާނީ، އަހަރެން ނޫޅެން ބެލް އެކަނި ދޫކޮއްލާފަ ދާކަށް، އަބަދުވެސް ބެލް ގާތުގައި މިހެން އިންނާނަން” ދިނާރު. ބަލްމާ އޭނާގެ ގަޔާ ކައިރިކޮއްލުމާއިއެކު ބަލްމާގެ ނިތްކުރީގައި ބޮސްދިނެވެ. ބަލްމާވެސް ފުންނޭވާއެއް ބޭރުކޮއްލުމާއިއެކު ދިނާރުގެ ކޮނޑުގައި ބޯއަޅާލައިގެން އޮތްއިރު އޭނާ އިނީ ދެލޯ މަރާލަންވެސް ބިރުންނެވެ. އޭނާއަށް އެވަގުތުކޮޅު ތެރޭ އެވީ ކަންތައްތައް އެހެންމީހުންނަށް ނޭނގޭތީ އެކަމާ ދެރަވެސްވެފައެވެ. ނުވިތާކަށް އެފަދަ ކަމެއް ދިމާވާން އެނގުނީވެސް އޭނާއަށް ބާއޭ ހިތަށް އަރަމުންދިޔައެވެ.

އަންބަރު ނަގާފައި އޮތް ގޯތީގެ ލީސިންގް އެގްރީމެންޓުގައި ސޮއެ ކުރުން އޮތީ ކާސިމުމެން ގޭގައެވެ. އޭނާގެ ބިން ކުއްޔަށް ހިފާ ފަރާތާއި ދެހެކެވެރިންނާ އަންބަރުގެ ފަރާތުން ތިބެން ޖެހޭ ހެކިވެރިންވެސް އެގޭ ސިޓިންރޫމުގައި ތިއްބެވެ. ދުރުގައި ދާރާ އާއި ފާތުމަގެ އިތުރުން ޒީނިޔާ އާއި ބަތީލުވެސް ތިއްބެވެ. އެމީހުންނާއިއެކު ފާތުމަގެ އަންހެން ދަރި ޖީޝާންވެސް އެތަނުގައި ހުއްޓެވެ.

“މިކަންވެސް ދެން މިނިމުނީ ދޯ” ފާތުމަ، އޭނާގެ ގާތުގައި ހުރި ދާރާއަށް މަޑުމަޑުން ބުނެލިއެވެ.

“އާން، އެކަމަކު އެމީހުންގެ ބަހާ ޢަމަލާ ދިމާވޭތޯ އަންބަރު ބަލަން ބޭނުންވާނެ، އޭނާ އެތަން އެ ދޫކޮއްލީ އެތަނުގައި އެއްވެސް އިމާރާތެއް އަޅައިގެން ބޭނުން ނުކެރެވޭގޮތަށް، ހަމައެކަނި ދަނޑުވެރިކަމުގެ ބޭނުމަށް، އޭނާ ބޭނުންވޭ ހަފްތާގެ ބާކީ މިއޮތް ދެތިން ދުވަސް އެމީހުންގެ މަސައްކަތް ހުންނަ ގޮތް ބަލާލަންވެސް” ދާރާ ބުންޏެވެ.

“ދާރާގެ ޢާއިލާ ދިޔައީމަ އަނެއްކާވެސް މިގޭތެރެ ވަރަށް ފަޅުވާނެ، މަދުން ނަމަވެސް މިކޮޅަށް އަންނާނެނަމައޭ އަހަރެން ހިތަށް އަރާ، އެކަމަކު އެހެންވާނީވެސް ކިހިނެއް، ދާރާ މާފޫއްސެއްވިއްޔަ ތިވަނީ މިރަށްދެކެ، ކުދިންވެސް އެތިބެނީ އެކަމަށް ހޭނިފަ، އެމީހުންވެސް ޔަގީން ނުވިސްނާކަން މިރަށަށް އަންނާކަށް” ފާތުމަގެ ވާހަކަ މެދުކަނޑާލީ ދާރާއެވެ.

“ފާތުމާ، ހައްތަހާވެސް އަހަރެންގެ ރަށުގައި ހުރިހާ ކަމެއް ކުރެވެން ހުންނާތީ މިރަށުގައި އައިސް ދިރިއުޅުން ފެށެން ނެތީ، މަތީ ތަޢޫލީމަށް ކިޔެވެން އެބަހުރި، ސިއްޙީ ގޮތުން ހުރިހާ ކަމެއް ކުރެވޭނޭ ވަރު ބޮޑު ހޮސްޕިޓަލެއް އެބަހުރި، ވަޒީފާގެ ފުރުޞަތުތައް އެބަހުރި، މިކަހަލަ ކިތަންމެ ޙިދުމަތްތަކެއް ލިބެން ހުއްޓަ ކިހިނެއް މިކޮޅަށް ބަދަލުވާނީ، ކުދިން ކިޔަވާ ނިމުނަސް އެކުދިން އަހަރުމެންނަށް ބޭނުންވާނެ، ވީއިރު އެކަނި ކޮއްލާފަ އެކުދިންނާ ދުރުގަ އެހެން ރަށެއްގައި އުޅޭނީ ކިހިނެއް” ދާރާ މަޑުމަޑުން ވާހަކަދެއްކިއެވެ.

“ތީވެސް ތެދެއް، އެކަމަކު އަހަރުގެ ބޮޑު ޗުއްޓީގަ ވާނެ މިކޮޅަށް އަންނަން، ހުރިހާ ކުދިން ގޮވައިގެން އަންނަން ވާނީ، އެހާތަަނަށް ކާސިމު މިގޭގަ އިތުރު ދެކޮޓަރިވެސް ހަދާނެ، އޭރުން ތިޢާއިލާއަށް އެއްވެސް އުނދަގުލެއް ނެތި އުޅެވޭނެ” ފާތުމަ ހީނލާފައި ބުނެލިއެވެ.

“މަށަށް ހީވަނީ އެނިމުނީހެން އެކަންތައް، އެމީހުންނަށް ކާން ގޮވަން ވީނު” އަންބަރު ސިޓީ އުރައަށް ލިޔުންތައް ލީތަން ފެނި ދާރާ ބުންޏެވެ.

“ދާރާ ބުނެބަލަ އަންބަރު ގާތު، އަހަރެން މިދަނީ ތަށިތައްނަގާ ތައްޔާރުކޮއްލަން އެނގޭ” ފާތުމަ މިހެން ބުނެ ހިނގައިގަތެވެ.

“މިރޭ މިގެއިން ދެން ކާލައިގެން ނޫންތޯ ދާންވާނީ، އަންހެން ވެރިން ކާންހެދީ ސަޢީދުމެންނަށާ އެކީގަ، އެހެންވީމަ އެމީހުންގެ ހިތުގައި ޖައްސާކަށް ނުވާނެ” އަންބަރު ސަމާސާ ހިނިތުންވުމަކާއިއެކު ވާހަކަދެއްކިއެވެ.

“ހެ ހެ ހެ… ހިނގާ ދަމާ، އަންބަރު ބުނީމަ ނޫނެކޭ ބުނާކަށް ނުވާނެތާ” ސަޢީދުވެސް މިހެންބުނެލީ ސަމާސާ ރާގެއްގައެވެ.

އަންބަރާ އޭނާގެ ކުދިންގެ ޚަބަރެއް ނުވެގެން ޚަދީޖާ އައިސް ފާތުމަ މެންގައަށް ވަންއިރު އަންބަރާއި، ކާސިމާއިއެކު ސަޢީދު އާއި އޭނާ އާއިއެކު އައި ދެމީހުންވެސް ސިޓިން ރޫމުން ނުކުންނަނީއެވެ. ސިޓިން ރޫމު ދޮރު ކައިރީ އެއްފަރާތަކަށް ޖެހިލައިގެން އެމީހުން ނުކުންނަން ތަންދައްކައިގެން ޚަދީޖާ ހުއްޓެވެ. އޭރު ދާރާ އާއި ފާތުމަ އާއިއެކު ހުރިހާ ކުދިންހެން ތިބީ ކާގޭގައެވެ.

“ޚަދީޖާ، އެންމެން އެބަ އުޅޭ އެފަރާތުގައި، ދޭބަލަ” އަންބަރަށް ޚަދީޖާ ފެނުމާއިއެކު ބުނެލިއެވެ. ކުޑަކޮށް ހިނިތުންވެލި ޚަދީޖާގެ ނަޒަރުވަނީ އަންބަރާއިއެކު ހުރި ސަޢީދަށް ހުއްޓިފައެވެ. ސަޢީދަކީ އެރަށުގައި ހުރި އެންމެ މުއްސަނދި ޢާޢިލާތަކުގެ ތެރެއިން އެއް ޢާއިލާގެ އެންމެ ދޮށީ ކުއްޖާއެވެ. އެތަށް ވިޔަފާރިގެތަކެއް އެގޭ ނަމުގައި ރަށުގައި ހިންގަމުންދެއެވެ. އެފަދަ މީހަކާ އަންބަރާއި ކާސިމާއިއެކު ފެނުމުން އެމީހުންގެ ޚަބަރެއް އޮޅުން ފިލުވާލާ ހިތް އޭނާ ވިއެވެ. އެހެންނަމަވެސް އޭނާގެ މަކަރުވެރި ސިކުނޑިން މިވަގުތު އެފަދަ ވާހަކައެއް އެހުން ރަނގަޅުވާނެތީވެ ގޭތެރެއަށް ވަދެގެން ހިނގައްޖެއެވެ.

“މިރޭ ކާންނާންނާތީ މިއައީ، އައްދޭ މިހާރު ކަނީދޯ” ޚަދީޖާއަށް މޭޒުގެ ދޮށުގައި އިށީނދެ ތިބި ދާރާގެ ކުދިން ފެނި ބުނެލިއެވެ. އެކުދިންނާއިއެކު ފާތުމަގެ ކުދިންވެސް ކާން އަރާ ތިއްބެވެ.

“އާން، މިރޭ ކެއުން އޮތީ މިގޭގަ، ޚަދީޖާވެސް ކުދިން ގޮވައިގެން އަންނަންވީނު މިގެއަށް، މިއަދު ކެއްކީ މަށޭ، އަހަރެން ކައްކާ އެއްޗެހީގެ ރަހަވެސް ބަލާލަންވާނެ އެންނު” މިހެން ބުނެ ދާރާ އެއްމިޔަކަނިން ހީނލިއެވެ.

“ނޫނޭ ދެން އެހެން ރެއަކުން، މަވެސް މިއައީ ގޭގަ ވަރަށް މީރު ބަތްގަނޑެއް ހަދާފައި، އެކާން ޖެހޭނެ އެންނު، ފާތުމާ، ކޮބާ މިގެއަށް ވަން ވަގު ހިފިއްޖެތަ” ޚަދީޖާ ކުއްލިއަކަށް ބޭނުންވީ މަޢުލޫ ބަދަލު ކޮއްލާށެވެ.

“އާން، އެއީ ކާކުކަން އެނގިއްޖެ، މިހިސާބުގައި އުޅޭ ޕާޓޭ ސޮރެއް، ކޮޓަރި ތަޅުނުލެވި ހުރީމަ ވަނީ، ދޯ ފާތުމަ” ދާރާ ގަސްދުގައި ދޮގެއް ހަދާލީތީ ފާތުމަ އާއި ކާމޭޒު ދޮށުގައި ތިބި ކުދިންވެސް ހައިރާންވިއެވެ.

“އެހެންތަ، ދެން ރަނގަޅުތާ ދޯ، މަދެން ދަނީ” ޚަދީޖާ ނުކުމެގެން ދިއުމާއިއެކު، އެކަން ޔަގީން ކުރަން ދާރާ އޭނާގެ ފަސްފަހަތުން ދިޔައެވެ. ގޭގެ ބޭރު ދޮރޯށިން ޚަދީޖާ ނުކުންކަން ޔަގީން ވުމުން އަވަސް ހިނގުމުގައި އައިސް ކާގެއަށް ދާރާ ވަނެވެ.

“ޕާޓޭއެކޭ… އެއީ ކޮންވާހަކައެއްތަ” ފާތުމަ ހިނިއައިސްފައި ހުރެ އެހިއެވެ.

“އަހަރެން ހަމަ އެހެން ބުނީ، ކޮންމެ ރެއަކު އެގެއަށް ކާންދާކަށް ނުޖެހޭނެ، އަހަރެން ހަމަ އޭނާ ޓެސްޓުކޮއްލީ، އޭރުވެސް އެނގޭ އޭނާ ނުކާނެކަން، އަދި އަމުދުން މަށޭ ކެއްކީ ބުނެފިއްޔާ އޭނާއަށް އެހިސާބުން އެ އެއްޗެއް އެ ހަރާންވީ، އޭނާޔާ އޭނާގެ ދަރިން އަހަރެންގެ އަތުން އެއްޗެއް ކާން ބޭނުންނުވާއިރު، އަހަރެން ކީއްކުރަން އަހަރެންގެ ދަރިން އެގެއަށް ކޮންމެ ރެއަކު ކާން ފޮނުވަންވީ، ފާތުމާ، އަހަންނަށް އެނގޭ އިތުރު ބަޔަކަށް ވާވަރަށް މިރޭ ބަތްނެތްކަންވެސް، އެކަަމަކު އަހަރެން ހަމަ ބޭނުންވީ ޔަގީންކޮއްލަން، މިހާރު މާބޮޑަށްވެސް ޔަގީންވެއްޖެ، އިރާދަކުރެއްވިއްޔާ ލަހެއްނުވެ ދެދުވަހެއް ތެރޭ ފުރާނަން، އެހާތަނަށްވެސް ދެން މަގޭ ދަރިއަކު އެގެއަށް ގެންދާކަށް ނުކެރޭނެ، އެހެންޏާ މިއުޅެނީ މަށަށް މަގޭ ދަރިންނަށް ކާން ނުދެވިގެނެއް ނޫންވިއްޔަ” ދާރާ ހިތްހަމަ ނުޖެހިފަ ހުރިވަރު އެވަގުތު ކާގޭގައި ތިބި އެންމެނަށް އެނގުނެވެ.

“ކަންބަލަން އުޅޭ މީހުން އަބަދުވެސް އުޅޭނީ އެހެން، އަޅާނުލުމަށްވުރެ ބުއްދިވެރި އެހެން ގޮތެއް ނޯންނާނެ” ފާތުމަ ދާރާގެ ކޮނޑުގައި ފިރުމާލަމުން ބުނެލިއެވެ.

“ފާތުމާ، އަހަރެން ރުޅި ގަދަވާނެއެންނު، އަންބަރުގެ ފަރާތުގަ ހަމަ ނެތިއްޔޭ ރަނގަޅު އެކަކުވެސް، ކޮންމެ މީހަކުވެސް މިހުންނަނީ ކަރުގައި ހިފަން ތައްޔާރަށް، އަހަރެން ހިތަށް އަރާ ކޮބާ ބާއޭ އެމީހުންގެ މައްސަލައަކީ، އަންބަރު އެމީހުނަށް ނުލާހިކު ހެޔޮ، އަހަރެން އެމީހުނަށް ގޯސްކޮށް ކަންތައް ކުރަނީއެއްނޫން، ހިތަށް އަރާ ދުވަހަކުވެސް އެމީހުންގެ އެކުޅިވަރު ހުއްޓޭނެ ބާއޭ” ދާރާ ކާގޭ ތެރެއިން ލާފައި ބަދިގެ ފަރާތަށް ފާތުމަ އާއިއެކު ވަންނަމުން މަޑުމަޑުން ބުނެލިއެވެ.

ބަތީލަށް އޭނާގެ މަންމަގެ ހިތްހަމަނުޖެހުން ފެނި ޚަދީޖާމެންގެއަށް ނުދާން ނިންމިއެވެ. ހަމަ އެގޮތަށް ޒީނިޔާވެސް އިނީ ޚަދީޖާދެކެ ފޫހިވެފައެވެ. އޭނާގެ ދަރިފުޅު ރޮއެ ރޮއެފައި އުޅުނީވެސް އެގެއަށް ގެންދިޔަ ފަހުންކަމަށް ވީމައެވެ. ކާމޭޒުމަތީގެ ހަމަހިމޭންކަން ނަގާލީ ޖީޝާނެވެ. އޭނާ ދާރާގެ ޢާއިލާ އެރަށުން ފުރުމުގެ ކުރިން މޫދަށް ދިއުމުގެ ޕްރޮގްރާމެއް ރާވާލިއެވެ. އެންމެންގެ ޚިޔާލު ހޯދަމުން ނިކަން ކުޅި މަޖާގަނޑެއް ހަދާލުމުގެ ރޭވުންތައްވެސް ކުރިއަށް ގެންދިޔައެވެ. އެކަންވީ އެންމެންގެ ޝައުގުވެރިކަން އަތުލި ކަމަކަށެވެ.

“އެއްވެސް އެއްޗެއް ނުކައި ހަމަ ތިހެން އިންނަނީތަ، ކާނެ އެއްޗެއް ނެތީތަ” ދިނާރުގެ ކޮނޑުގައި ބޯއަޅާލައިގެން އިން ބަލްމާގެ ނިތްކުރީގައި ބޮސްދެމުން އަހާލިއެވެ.

“މިހިރީ ރިހަވެސް، ރައިސް ކުކަރގަ ބަތްވެސް އެބަހުރި” ތެލިތައް ބަލަމުން އާން ބުނެލިއެވެ.

“ބެލް ޕްލީޒް، ތިހެން ނީނދެބަލަ، އައި އެމް ރިއަލީ ވޮރީޑް، ޕްލީޒް ބޭބީ” ދިނާރު އާދެހުގެ ރާގެއްގައި މިހެން ބުނަމުން ބަލްމާ ދުރަށް ޖައްސާލިއެވެ.

“އަހަރެން ކާހިތެއްނުވޭ، އެކަމަކު ބަނޑުހައިވެސް ވޭ، އެހާ ވަރެއްވެސް ނެތް” ބަލްމާ ވަރުދެރަ ގޮތަކަށް ބުނެލިއެވެ.

“ހުންއަންނައިރު ރަނގަޅަށް ނުކައި ތިހެން އިންނަންޏާ ހައްތަހާ ވަރުދެރައެއްނު ވާނީ، ނިކަން ހިތްވަރުކޮއްފައި އެއްޗެއް ކާލެވޭތޯ އުޅެބަލަ، ނޫނީ ބެލް ކާހިތްވަނީ އެހެން އެއްޗެއްތަ، އަހަރުމެންވެސް ވަރަށް ބަނޑުހައި ވެއްޖެ، ބެލް އާއިއެކު ކެއުމުގައި އަހަރުމެންވެސް ބައިވެރި ވާނަމޭ، ދެން ތެދުވޭ އެއްޗެއް ކާލަން” މިންހާޖު ތެދުވެ ބަލްމާގެ އަތުގައި ހިފިއެވެ.

“ކިހާބޮޑުކަމެއް  މިންހާޖު، އަހަރެންގެ ގައިގާ އަތްނުލާ ފާނަންތަ” ކުއްލިއަކަށް ސޯފާގައި އިނދެފައި ފުންމައިގެން ދިޔަ ބަލްމާ އަތްފޮޅުވާލަމުން ބުންޏެވެ. އެންމެން ތިބީ ހައިރާންވެފައެވެ. ޚުދު މިންހާޖަށްވެސް ބަލްމާގެ ހަރަކާތުން ހައިރާންކަން ލިބިގެން ދިޔައެވެ. ބަލްމާގެ ފަރާތުން ފެނިގެންދިޔައީ މިންހާޖު ބޭނުންވި ކަހަލަ އެއްބާރުލުމެއްނޫނެވެ. އެކަމަކު އެހެންވާންވީ ކީއްވެކަމެއް އޭނާއަކަށްވެސް ނޭނގުނެވެ. ބަލްމާ ރަނގަޅު ކުރީ އޭނާއެވެ. އަދި ބަލްމާގެ ގައިގާ އަތްޖައްސާލުމުން އޭނާގެ މައްޗަށް ބަލްމާގެ ރުހުން ލިބޭނޭ ކަމީ އޭނާއަށް މީހަކު ޔަގީންކޮށްދީފައިވާކަމެކެވެ. މިންހާޖު މަޑުމަޑުން ހުރިދިމާ ސޯފާގައި އިށީނދެއްޖެއެވެ.

“ބެލް، ރުޅިގަދަނުވެ ދެން ހިނގާ ކާން، ތިހެން އުޅެންޏާ އަހަންނަށްވެސް މަޖުބޫރުވާނީ ބެލްގެ ދޮންތަ ގާތު މިވާހަކަތައް ކިޔާދޭން” ދިނާރު މިހެން ބުނެ ތެދުވިއެވެ. ބަލްމާވެސް އެއްވެސް އެއްޗެއް ނުބުނެ ދިނާރާއިއެކު ތެދުވިއެވެ. އެހިނދު ކާމޭޒު ކައިރީ ހުރި އާން އަވަސް އަވަހަށް ކާން ތައްޔާރުކުރަން ފެށިއެވެ.

“އާން، ބަހައްޓާ، އަހަރެން ކާން ތައްޔާރުކޮށްލަފާނަން” ކާމޭޒާ ކައިރިވި ބަލްމާ ބުންޏެވެ.

“ނޫނޭ، ބެލް ބަލިވެ އުޅޭއިރު އަހަރެން ބޭނުމެއްނޫން ބެލް ލައްވާ ކަމެއް ކުރުވާކަށް، ރައްޓެހިން ތިބެނީ ކަމެއްވެގެންނު، މިފަހަރު އަހަރެން މިކަން ކުރަން ދޫކޮށްލާ، ބެލް އަވަހަށް ގޮނޑިއެއްގައި އިށީނދޭ” އާންގެ އެހީތެރިކަން ބަލްމާއަށް ފޯރަމުންދިޔައެވެ. އާން ކާންތައްޔާރުކޮށްލުމާއިއެކު އެންމެން ކާމޭޒުދޮށުގައި އިށީނދެއްޖެއެވެ. އޭރުވެސް މިންހާޖު އިސްޖަހާލައިގެން ފިކުރު ބޮޑުވެފައި އިން މީހަކު ފަދައިން ސޯފާގައި އިނެވެ. އެވަގުތު ދިނާރު އޭނާއަށް ގޮވާލާފައި އެމީހުނާއިއެކު ކެއުމުގައި ބައިވެރިވުމަށް ބުންޏެވެ.

“ނޫނޭ، އަހަރެން ދެން މި ގޮސްލަނީ، ކަމެއް ޖެހިއްޖެއްޔާ ގުޅާލާ، އޭރުން އަންނާނަން، އަހަންނަށް ވެވެން އޮތް އެހީއެއް އަހަރެން ވެދޭނަން” މިންހާޖު މިހެން ބުނެ ސޯފާއިން ތެދުވެ އެގެއިން ނުކުތުމަށް ހިނގައިގަތެވެ. ސިޓިން ރޫމުން ބޭރަށް ނުކުތުމަށް ފިޔަވަޅެއް އަޅާލާފައި މިންހާޖު ގޭތެރެއަށް ބޯދިއްކޮއްލިއެވެ.

“ދިނާރު، އަދިވެސް މިތާ ބޭރު ވަރަށް އަދިނރި، ބޮތްކެއް އެއްޗެއްވެސް މިފަރާތަށް ލާފަ ނުހުރޭތަ” މިންހާޖު މިހެން ބުނީ ކާންތިބި އެންމެނަށް އަޑުއިވޭ ވަރަށެވެ. އެހިނދު ބަލްމާ ފާރުގައި ހުރި ސުވިޗު ބޯޑަކަށް އިޝާރާތްކޮށްލުމުން އާން ތެދުވެގެން ގޮސް އެތަނުގައި ހުރި ހުރިހާ ސުވިޗެއް ޖައްސައިފިއެވެ. ދެންއިވުނީ މިންހާޖު ސިޓިން ރޫމު ދޮރު ލެއްޕި އަޑެވެ. އޭނާ ދިޔައީކަން ބަލްމާއަށް ޔަގީން ވުމާއިއެކު އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ކީއްވެކަމެއް ނޭނގެއެވެ. ދިނާރު އިނީ ބަލްމާގެ ހުރިހާ ހަރަކާތަކަށްވެސް ވަރަށް ސަމާލުވެ ބަލާށެވެ. މިރެއަކީ ދިނާރުގެ މުޅި ޚަޔާތުގައިވެސް އެންމެ ބިރުގެން ރެއެވެ. ދުވަހަކުވެސް މިރޭ ފެނުނު ކަހަލަ މަންޒަރެއް މީގެ ކުރިން ދިނާރު ދެކެފައެއް ނުވެއެވެ. އޭނާގެ ހިތުގައި މަޑުރިހުމެއް އުފެދިފައިވަނީ އެފަދަ ހާލެއްގައި ވަނިކޮށް އޭނާއަށް ފެނުނީ އޭނާ މިދުނިޔެ މަތިން އެންމެ ލޯބިވާ ކުއްޖާއަށްވީމައެވެ. ސިކުނޑީގައި ފުނިޖެހިފައި ހުރި ސުވާލުތައް މިރޭ ބަލްމާއަށް ކުރުމުން އެދެވެނީ އިތުރު ޕްރެޝަރެއްކަން ދިނާރަށް ވިސްނި އޭނާ އެކަން ފަހަށް ބޭއްވިއެވެ.

ރޭގަނޑުގެ ކެއުމަށްފަހު އެކިމީހުންގެ ވާހަކައިގައި ސިޓިންރޫމުގައި ތިބިއިރު ޓީވީ ހުރީ ހުޅުވާފައެވެ. ބަލްމާވެސް މަޑުމަޑުން ހަމަޖެހި ހަމައަކަށް އެޅިފައި އިނެވެ. ކެއި ބޭސްގުޅައިގެ އަސަރުން ހުން މަޑުވެ ބަލްމާގެ ބޮލުގައި ރިހުންވެސް ކުޑަވެފައި ވެއެވެ. އާދައިގެ މަތިން އާން އޭނާގެ އަތް ދަބަހުގައި ގެންގުޅޭ ތާސްބައި ނެގިއެވެ.

“އެހާ އަވަހަށް ދާކަހަލަ ޚިޔާލެއް ނުކުރަންޏާ، ހިނގާ ގަނޑެއް ޖަހާލަން” އާން ބުންޏެވެ. އެކަމާ މުޢާދުވެސް އެއްބަސްވިއެވެ. އެވަގުތު ދިނާރު ބަލާލީ ބަލްމާއަށެވެ. އޭނާގެ ޖަވާބަކީ ކޮބާތޯ އަހާލާ ފަދަ ގޮތަކަށެވެ. ބަލްމާވެސް ބޯޖަހާލަމުން އެކަމާ އެއްބަސްވެއްޖެއެވެ. ބަލްމާވެސް ބޭނުންވަނީ އޭނާގެ ޚިޔާލުތައް އެހެން ދިމާލަކަށް އަނބުރާލާށެވެ. ރައްޓެހިންނާއިއެކު މަޖާ ވާހަކައިގައި ވަގުތު ދުއްވާލާށެވެ. އެހެންނަމަވެސް އަދިވެސް އޭނާގެ ކަންބޮޑުވުމެއް ނުފިލައެވެ. ސަބަބަކީ ކޮންމެވެސް އިރަކުން ކައިރީގައި ތިބި އެކުވެރިންނާ ލޯބިވެރިޔާ ދާނެތީއެވެ. ބަލްމާ ބޭނުންވަނީ އިރުއަރަންދެންވެސް އޭނާގެ ގާތުގައި އެމީހުން ތިބުމެވެ.

ވަގުތު އަރައިގެން ދިޔައީ ކިހިނެއްކަމެއްވެސް ނޭނގެއެވެ. އެންމެން ސިހިފައި ސިޓިންރޫމުގެ ދޮރާ ދިމާލަށް ބަލާލިއެވެ. އޭރު ހުޅުވާލި ދޮރުން ބިންޏާ ގެއަށް ވަންނަނީއެވެ. ބިންޏާއަށް ގޭތެރޭގައި ތިބި ބަލްމާގެ ރައްޓެހިން ފެނި ސިހުނެވެ. އޭރު ގަޑިން ބާރަޖަހަނީއެވެ. ބިންޏާ ކައިރިއަށް ވަގުތުން ރުޅިއައެވެ. އެހެންނަމަވެސް ހަޅޭލަވައި ގަންނާކަށް ނުކެރުނެވެ. ކޮންމެ ގޮތެއްވިޔަސް، ބިންޏާ ކިތަންމެ ފޫހިވިޔަސް ރުޅިއަޔަސް، ބަލްމާއަކީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. މަންމަވެސް ނެތުމާއިއެކު މިވަގުތު އޭނާގެ ކޮއްކޮ ބެލުމަކީ އޭނާގެ ޒިންމާއެއް ކަމުގައި ދެކޭތީ އެއްޗެއް ނުބުނެ ބާރަށް ހިނގާފައި ގޮސް ކޮޓަރިއަށްވަދެ ދޮރު ޖަހައިފިއެވެ.

“ދޮންތަ އެދިޔައީ އަހަރުމެން ތިބީމަ ރުޅި އައިސްގެން ދޯ” ބިންޏާ ކޮޓަރިއަށް ވަނުމާއިއެކު ދިނާރު ބަލްމާއަށް ބުންޏެވެ.

“އަޅާނުލާ، އޭނާ ހުންނާނީ އަބަދު ފުއްޕި ކުކުޅެއްހެން، ރުޅި އަންނާނޭ ކަމެއް ނުފެނިފަ” ބަލްމާ ފޫހިގޮތަށް މިހެން ބުންޏެވެ.

“އަހަރުމެން ދެން ދާންވީ ކަންނޭގެ، އެހެންނޫނީ ދެން ފެންނާނީ ނުކުމެ ބަވާލާތަން” ލާނެތް ރާގެއްގައި މުޢާދު ބުންޏެވެ. އެއާއިއެކު އޭނާގެ ގާތުގައި އިން އާން ހޭންފެށިއެވެ.

ބަލްމާގެ ހަރަކާތްތައް ހުރި ގޮތުން އޭނާއަށް ކަމެއްވެފައި ހުރިހެންވެސް މިހާރު ހީނުވެއެވެ. އޭނާ މުޢާދުގެ އުނގަށް އަތުގައި އޮތް ތާސްގަނޑުތައް އަޅާލަމުން ސަމާސާ ގޮތަށް އެގެއިން ނުކުމެގެން ދިއުމަށް އެދުނެވެ. އެހިނދު މުޢާދު ފުންމައިގެން ތެދުވެ އާންއަށް އަތުން އިޝާރަތްކޮށްލަމުން އެގެއިން ނުކުތުމަށް ހިނގައިގަތެވެ. ތުންފިއްތާލައިގެން ހެވިފައި ބަލްމާ އެމީހުން ހަދާ ގޮތެއް ބަލަން އިނީއެވެ. އެދިޔަ ގޮތަށް މުޢާދު އާއި އާން އެގެއިން ނުކުމެގެން މިސްރާބުޖެހީ އާންމެންގެ ގޭދޮށަށެވެ.

“ހާދަ ހެއްވާ ބަޔެކޭ އެއީ، ރަނގަޅަށް އެނގޭނެ އެއީ އަަހަރެން ސީރިއަސްކޮށް ބުނި އެއްޗެއް ނޫންކަން” ބަލްމާގެ ގާތުގައި އޭނާގެ ކޮނޑުގައި އަތްއަޅުވައިލައިގެން އިން ދިނާރަށް ބުންޏެވެ.

“އަޅާނުލާ، މުޢާދުގެ ގޮތް އެނގެއެންނު، އޭނާ ގޮތުގައި ހިފަހައްޓަންވެގެން އެދިޔައީ ނުކުމެގެން، މިހާރު ތިބޭނެ ދެމީހުން ވެގެން ކޮންމެވެސް ސައިޑަކަށް ކެހިލައިގެން، ބެލް، ވާހަކައެއް އަހާލަންތައް” ދިނާރުގެ ސިކުނޑީގައި އެނބުރެމުންދިޔަ ސުވާލެއް ކޮއްލާނަމޭ ހިތާ އެކަމަށް އޭނާ ތައްޔާރުވެލި ކަހަލައެވެ.

“ހޫމް، އަހާބަލަ” ބަލްމާ މާބޮޑުކަމެއްކަމުގައި ނުދެކި ވަރަށް ފަސޭހައިން ބުނެލިއެވެ.

“ބެލް، އަހަރެން ބެލްދެކެ ވަރަށް ލޯބިވޭ، ދުވަހަކުވެސް ބެލް އާއި ވަކިވާކަށް ބޭނުމެއްނޫން، އެކަމަވެސް ބުނަންތަ، މިރޭ އަހަރެން ވަރަށް ބޮޑަށް ދެރަވެއްޖެ، ބެލްއަށް މިރޭ ވެގެން އެދިޔަ ގޮތް ޚުދު އަހަންނަށްވެސް ކިޔާދޭން އުނދަގޫ، އެފަދަ ކަމެއް ދެވަނަ ފަހަރަށް ބެލްއަށް ކުރިމަތިވާކަށް އަހަރެންގެ ހިތެއް ނުރުހޭނެ، ނަސީބެއް މުޢާދު އަންނަމުން މިންހާޖު ގޮވައިގެން އައިކަންވެސް، އޭނަގެ ސަބަބުން މިރޭ ބެލް ސަލާމަތްވިއްޔޭ އަހަރެން ބުނާނީ، ބެލްް، އަހަންނަށް ވީގޮތް ކިޔާދީބަލަ، އޭރުންނު އެނގޭނީ ދެން ހަދަންވީ ކިހިނެއްކަންވެސް، މީހެއްގެ އެހީ ހޯދާ ވަރުގެ ކަމެއްނަމަ އެކަން ކުރަންވެސް އެނގޭނީ ބެލް ކިޔާދޭ އެއްޗަކުން” ދިނާރު، ބަލްމާގެ އަތްތިލައިގައި ހިފާ ބާރުކޮއްލަމުން ވާހަކަދެއްކިއެވެ. ނަމަވެސް ބަލްމާ އިސްޖަހާލި ގޮތަށް ބަސްހުއްޓިފައި އިނެވެ. އޭނާ އެވާހަކަ ކިޔާދިނުމެކޭ އަލުން އެބިރުވެރި ސޫރަ ކުރިމަތީ ހުރުމެކޭ އެއްވަރެވެ. އެވާހަކަދައްކަން ބޭނުންނުވަނީވެސް އެހެންވެއެވެ.

“ކީއްވެ އެއްޗެއް ނުބުނީ، އަހަންނަށް ބެލް ޓްރަސްޓެއް ނުކުރަންތަ، އަހަރެން ވަރަށް ކޮންސާންވެގެން މިއަހަނީ” ދިނާރު ކުޑަކޮށް ބަލްމާ އާއި ދުރަށް ޖެހިލަމުން ބަލްމާ އާއި ލޮލާ ލޯ ދިމާކޮށްލެވޭތޯ މަސައްކަތް ކުރިއެވެ.

“މިހާރު އަހަރެން އެންމެ ބޮޑަށް ޓްރަސްޓް ކުރާ މީހަކީ ތީ، އެކަމަކުވެސް، އަހަންނަށްކަށް ނޭނގޭ މިކަމާ ގުޅޭގޮތުން އެއްޗެއް ބުނާކަށް، ދިނާރު، އަހަންނަށް މިހެންވާންވީ ކީއްވެ، އަހަރެން ވަރަށް ބިރުގަނޭ، އިތުރަށް އެކަމާ ވިސްނާކަށްވެސް ބޭނުމެއްނޫން” ބަލްމާ، ދިނާރަށް ބަލާލަމުން ބުންޏެވެ.

“ބެލް ބިރު ނުގަނޭ، އަހަރެން މިހިރީނު، ބެލްއަށް ތިވާގޮތެއް އެނގުން ވަރަށް މުހިންމު، ހަމަ ހުރެފައެއް އެއްވެސް މީހަކަށް ތިކަހަލަ ކަންތައްތަކެއް ނުވާނެ، ބެލްއަށް ތަފާތު ކަމެއް ކުރެވުނުތަ މިއިން ދުވަހަކު، ރޭގަނޑު އެކަނި ތަނަކަށް ދިޔައިންތަ ނޫނީ ގަސް ގަހުގައި ހުންނަ މާބިނދެ ހެދިންތަ” ދިނާރުގެ ވިސްނުމަށް އައި ކަންތައްތަކާއި ގުޅުވައިގެން ސުވާލު ކުރިއެވެ. ޖިންނި ޝައިތާނުންނަކީވެސް ލައްވާފައިވާ ބައެއްކަން ދިނާރުވެސް ޤަބޫލު ކުރެއެވެ. އެހެންވެ އެފަދަ އެއްޗެހިންގެ ފަރާތުން ކަންތައްތައް ދިމާވުމަކީ ހަމަ ވެދާނެ ކަންކަމެވެ. ނަމަވެސް ފަހަކަށް އައިސް އެފަދަ ކަންތައްތައް ވެގެން އުޅޭތަނެއް ރަށުތެރެއަކުން ނުފެނެއެވެ. އެފަދަ އަޑެއްވެސް ނުފެތުރެއެވެ. އެހެންވެ ދިނާރަށް ކުރެވުނީ މުޅިން އައު އެހާމެ ބިރުވެރި ތަޖުރިބާއެކެވެ. އަދި އޭނާ އެންމެ ދެރަވަނީ އޭނާ އެހާ ގާތްކޮށް ދެކޭ މީހަކަށް އެފަދަ އުނދަގޫތަކަކާއި ކުރިމަތިލާން ޖެހުނީމައެވެ.

“ދިނާރަށް އެނގޭނެ އަހަންނަކަށް އެހާ މަލެއް ކަމަކު ނުދާނެކަން، އެހެންނޫނަސް މަމީ ބައްތުއެއްނޫން ދޯ، މަގުމަތިން ދާއިރުވެސް އަތްފުނާ އަޅަމުން ދާން، ރޭގަނޑު ބޭރަށް ނުކުންނަންޏާ ނުކުންނަނީ ބައްތު އާއިއެކު ނޫނީ ދިނާރާއެކު، އަހަރެން އެކަހަލަ ގޮތަކަށް ނޫޅެމޭ، ޕްލީޒް ދެން އެވާހަކަ ހުއްޓާލާ” ބަލްމާއަށް ވާހަކައިގެ ގޮތުން އުނދަގޫވިއެވެ.

ބަލްމާ އާއި ދިނާރު ސޯފާގައި ތިއްބާ ބިންޏާ ކޮޓަރީގެ ދޮރު ހުޅުވާލާފައި ބަލާލިއެވެ. އަދި ފޫހި ގޮތަކަށް ބަލްމާއަށް ބަލާލުމާއިއެކު އައިސް ތައްޓަކަށް ކާއެއްޗެހި އަޅައިގެން ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ. އެހިނދު ދިނާރު ބަލްމާ އާއި ދުރަށް ޖެހިލަމުން ސޯފާއިން ތެދުވެއްޖެއެވެ.

“ދެން ދަނީތަ” ބަލްމާ ދެރަވެފައި އަހާލިއެވެ.

“ދުރަށް ދާކަށް ބޭނުމެއްނޫން، އެކަމަކު މިހެން މިގޭގަ ނުވެސް އިނދެވޭނެ އެންނު، ބެލްގެ ދޮންތަ އެއުޅެނީ މިކަމާ ހިތްހަމަ ނުޖެހިގެން، އޭނާ އެއްޗެއް ނުބުންޏަސް މަށަށްވެސް އެނގޭ، އަނެއްކޮޅުން ހެނދުނުން އޮފީހަށް ދާން ޖެހޭނެ، ރޭގަނޑު ނިދަން ނުވަނިއްޔާ އަހަރެންގެ މަންމަވެސް ބޮމެއް ވައްޓާލާނެ، ބެލް، ޔޫ ޖަސްޓް ޑޯންޓް ވޮރީ، ގެއަށް ދާނީވެސް ބެލްއަށް ފޯނުން ގުޅައިގެން ހުރެގެން، އަހަންނަށް ނިދެންދެން ބެލް އާއި ވާހަކަ ދައްކާނަން، އެގޮތް އެންމެ ރަނގަޅުތަ” ދިނާރު ހަށިގަނޑު ދަމާލަމުން ބުންޏެވެ. ބަލްމާ ލުއި ހިނިތުންވުމަކާއިއެކު މަޑުމަޑުން ބޯޖަހާލަމުން ތެދުވިއެވެ. އެހެންނަމަވެސް އޭނާގެ ހިތް ބާރަށް ތެޅެމުންދިޔައެވެ.

“ކަންތައްތައް ގޯހުން ގޯހަށް ދިޔައީމަ އައިސް ތިބުނަނީ” ހާރޫން ބުންޏެވެ.

“ބަލަ! އަހަރެން އެކަން ކުރުވީ ކިހާ ލާރިއަށް ހާރޫންބެއަށް ދީގެންތަ، މިހެން ފަނު ފުލުން ދިޔައީމަ މަވެސް ކަޑަވާނެ ދޯ” މިންހާޖު ބުންޏެވެ.

އެންމެ މިޒަމާނަށް ހަދާފައި ހުރި އޭސީ ކޮޓަރިއެކެވެ. ފަތި ޓީވީ އާއި ލަވަޖަހާ ސެޓުގެ އިތުރުން މިންހާޖު އިށީނދެގެން އިނީވެސް އަސްލު ލެދަރު ސޯފާއެއްގައެވެ. ފައިދަށުގައިވަނީ މާތަކުގެ ފިޔަތައް ފަދަ މަޑުކަމެއް ލިބިފައިވާ ކާޕެޓެކެވެ. މިންހާޖާއި ކުރިމަތި ވާގޮތަށް ވަކިން ހުރި ސޯފާ ގޮނޑީގައި އިނީ ހާރޫނެވެ. އެއީ ހާރޫނުގެ ކޮޓަރިއެވެ. މިންހާޖާއި ހާރޫނަކީ ގާތް ދެރަޙުމަތްތެރިންނެއް ނޫނެވެ. އެހެންނަމަވެސް ހާރޫން، މިންހާޖަށް ކޮއްދެނީ އާދައިގެ ކަންތައްތަކެއް ނޫނެވެ. ހަޤީޤަތަކީ އެދެމެދުގައި އޮންނަނީ ވިޔަފާރީގެ އުޞޫލެވެ. މުޅިންވެސް ކަންތައްތައް ބޭނުންވެގެން ހާރޫންގެ ގާތަށް އަންނަން ޖެހެނީ އެހެން މީހުންނެވެ.

“މުޖައްރިބު މިދިޔައީ ފެނަށް” މިންހާޖު އަނގަޔަށް ވައްތަރެއް ޖައްސާލަމުން ބުންޏެވެ.

“ތިހެން ނުބުނޭ، އެރޭ ގެންދިޔަ ޗޮކުލެޓަށް އޭނާ ހެދީ ކިހިނެއްތޯ ބަލާބަލަ، މިންހާޖަށް ޔަގީންތަ އެމަންޖެ އޭތި ކެއިކަން” ހާރޫން ލޯހަނިކޮއްލަމުން އަހާލިއެވެ.

“އެކުއްޖާ އަބަދު އެކަހަލަ އެއްޗެހި ކާނެ، އާން ދެން މަގޭ އަތުން އޭނާގެ އަނގަޔަކަށް ލަވައެއް ނުދެން، އެކަމަކުވެސް ވަރަށް ގެރެންޓީ އޭތި އޭނާ ކާނެކަން” މިންހާޖު އަދިވެސް އޭނާގެ ބަސް ގަދަ ކުރެވޭތޯ އުޅުނެވެ. އެހެންނަމަވެސް ހާރޫން ޖެހީ އޭނާއަށްވުރެ ގަދަ ބަހެކެވެ.

“އޭނާ އޭތި ކޭތޯ ބަލާފަ ކައިފިއްޔާ އަހަންނަށް މިންހާޖު ދިން ހަހާސްރުފިޔާ އަނބުރާ ދޭނަން” ހާރޫން ހެވިފައި އިނދެ ބުންޏެވެ. މިންހާޖު ވިސްނާލަމުން އޭނާގެ ބޮލުގެ ފުއްކިބައިގައި އަތްހާކާލިއެވެ.

“ރަނގަޅު ބޮނޑިއެއް ތިހެން އުޅެފަ ނުބައްލަވައްޗޭ އެނގޭ” ހާރުން ސަމާސާ ރާގަކަށް ބުންޏަސް އޭނާގެ ހިތުގައި މިންހާޖާއި މެދުވަނީ އެތަށް ސުވާލެއް އުފެދިފައެވެ. މިންހާޖު ހާރޫންގެ ގާތަށް އަންނަނީ އެހެން އެއްވެސް ކަމަކު ނޫންވިއްޔާއެވެ. މިންހާޖުގެ ބޭނުމަކަށްވެފައިވަނީ މުޅިންވެސް އަންހެން ކުދިންނަށް ސިހުރު ހަދައިގެން ހިތްޖެއްސުމާއި، އޭނާ ބޭނުން ކޮންމެ ކަމެއް އެ އަންހެން ކުދިންގެ ކިބައިން ފުއްދުމެވެ.

ނިދަން އޮތް ދާރާގެ ކަންފަތުގައި ފޯނު ޖައްސާލައިގެން އޮއްވާ ކުއްލިއަކަށް ފޯނުގެ އަނެއްކޮޅުން ކޯލު ނަގާ ހެލޯ އޭ ބުނި އަޑު އިވުނެވެ. އެކޮޅުން ވާހަކަދެއްކީ ބަލްމާއެވެ.

“ކިހިނެއްވީ މަންމަ ގުޅީ” ބަލްމާ އަހާލިއެވެ.

“ބިންޏާ އެދައްކަނީ ކޮންވާހަކައެއްތަ، ކޮންކޮން ބައެއްތަ ގެއަށް ވައްދައިގެން މިރޭ އުޅުނީ، ދޮންތަ އެހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފަ، މަންމަމެން ގޭގައި ނެތަސް، ފާޑު ފާޑުގެ މީހުން ނުވާނެ އެންނު ގޭތެރެއަށް ވައްދައިގެން އުޅޭކަށް، ދެން އެކަހަލަ ކަމެއް ނުކުރައްޗޭ” ދާރާ ވަރުބަލި ކަމާއިއެކުވެސް ދަރިފުޅު ކުރީ އޭނާވެސް ހިތްހަމަ ނުޖެހޭވަރުގެ ކަމެއްކަން އަންގައި ދޭން މަސައްކަތް ކުރިއެވެ. ބަލްމާ އެއްވެސް އެއްޗެއް ނުބުނެ ހަމައެކަނި ހޫން ލައްވާލަމުން ފޯނު ބޭއްވީއެވެ. ނަމަވެސް އޭނާ ބިންޏާދެކެ ވަރަށް ފޫހިވިއެވެ. ގޭތެރޭގައި އަޑުގަދަކޮށްލަންވެސް ބޭނުންވިއެވެ. އެހެންނަމަވެސް ބަލްމާ އެކަނި މާ އެކަނި ސިޓިން ރޫމު ސޯފާގައި ޓީވީ ބަލަން އިނެވެ. ފާރަވެރިއެއްހެން ވަށައިގެން ހޯދަ ހޯދައެވެ.

އެނދުގައި އޮތް ބަތީލު ދާރާއަށް ފުރަގަސް ދެމުން ފޯނު ކަންފަތުގައި ޖަހާލިއެވެ. އަދި ސިއްރު ސިއްރުން ވާހަކަދައްކަން ފެށިއެވެ.

“ކީއްވެތަ ފޯނަށް އާންސާ ނުކުރަނީ، ކިހާ ވަރަކަށް ގުޅައިފިން، މިންހާޖުގެ ފޯނަށް ކިތަށް މިސްކޯލު މިނަންބަރު ލިބިފަ އިންތޯ ބަލާބަލަ، މެސެޖެއް ކުރިޔަސް ރިޕްލައިއެއް ނާދޭ، ފޯނު ނުނެގޭވަރަށް ބިޒީނަމަ އެޓްލީސްޓް މަށަށް މެސެޖެއް ކޮށްލިނަމަ ވާނީ ކީއް” ބަތީލުގެ އަޑުން އޭނާ އެއޮތީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައިކަން އެނގެއެވެ. އެހެންނަމަވެސް ގާތުގައި ނިދާފައި އޮތް ދާރާއަށް ހޭލެވިދާނެ ތީ އޭނާ ވާހަކަދެއްކީ ވީހާވެސް މަޑަކުންނެވެ.

“ބައްތު ހާދަ ރުޅި އެކޭ ތިއަންނަނީ، އަހަންނަށް ފޯނު ނުނެގިދާނެ އެންނު، އެއީ އެވަރު ކަމެއްތަ، މިހާރު މި ވާހަކަދައްކަނީ އެންނު، ދެން މޫޑު ރަނގަޅު ކޮށްލާފަ ނިކަން ލޯބިން ވާހަކަދައްކަބަލަ” މިންހާޖު ބުންޏެވެ.

“އަހަރެން ހަމަ ހުރެފަ ރުޅި އައީކީ ނޫނޭ، މިކޮޅުގަ އެހާ ފޫހިވެގެން މިއުޅެނީ، އަވަހަށް ބޭނުންވަނީ ރަށަށް ދާން، މިންހާޖާ ދުރުގައި ހުންނަންވީމަ އަހަރެން ވަރަށް މިސްވޭ، އަހަރެން ހީކުރީ އަހަންނަށް މިކުރެވޭ ހިތްދަތި އިޙްސާސްތައް މިންހާޖަށްވެސް ކުރެވޭނެޔޭ، ލޯބިވާ މީހާ އާއި ދުރުގައި ހުރުމަކީ ހާދަ ހިތަށް ތަދުވާ ކަމެކޭ، މިންހާޖަށް އެނގޭނެ އަހަރެން މިންހާޖުދެކެ ލޯބިވާވަރު، އަނެއްކާ… އަނެއްކާ މިންހާޖު މިހާރު އަހަންނާ ވާހަކަދައްކާ ހިތް ނުވަނީތަ، އަހަރެންދެކެ ލޯބި ނުވަނީތަ، އެހެންވެތަ އަހަންނަށް ޓައިމް ނުދެނީ، އަދި މިރަށަށް އައިފަހުން ގިނަ ދުވަހެއްވެސް ވީކީ ނޫން” ބަތީލު ވާހަކަދެއްކުން ހުއްޓާލީ ފޯނުގެ އަނެއްކޮޅުން މިންހާޖު ވާހަކަދައްކަން ފެށުމުންނެވެ.

“ބައްތު ދެން މާބޮޑަށް ތިވިސްނަނީ، އެކަހަލަ އެއްވެސް ކަމެއް އަހަންނެއް ނުކުރަން، އަހަރެންގެ ލައިފްގަ ބައްތު ނޫން ކުއްޖަކަށް ޖާގައެއްނެތް، ބައްތު ނޫން ކުއްޖަކާ ވައިވެސް ނޭޅޭނަން، ދެން މިވަރުން ޤަބޫލުކުރޭ، އަސްލު އަހަރެން މިދުވަސްކޮޅު މިއުޅެނީ ވަރަށް ބިޒީކޮށް، އޮފީހުގައި ބައިވެރި މަސައްކަތްތައް އެބަހުރި، އެތަނުގައި ތިންމީހުން ތިބޭއިރު ދެމީހުން ޗުއްޓީގަ، ދެން ހުރިއްޔާ ހުރި މަސައްކަތެއް މިޖެހެނީ މަށަށް ކުރަން، މީހަކު ނެތީމަ ދެން ޖެހޭނީ ކުރަންތާ ދޯ، އެހެންވެ ގިނަ ވަގުތު އުޅެވެނީ އޮފީހުގަ، މިރޭވެސް މިއައީ އޮފީހުގަ އުޅެ އުޅެފަ، ބައްތުއަށް އެނގޭނެ މަށަކީ ވަރަށް ފްރީކޮށް އުޅެން ބޭނުންވާ މީހެއްކަން، މިހާ ބުރަވީމަ، ރޭގަނޑު ގެއަށް އަންނަ އިރު ހުންނަނީ ވަރަށް ވަރުބަލިވެފަ، އެކަމާހުރެ އެއްވެސް ކަމެއް ކުރަން ނުޅެ އެނދުގައި ޖައްސާލެވެނީ، އަހަރެންވެސް ހާދާ މިސްވެޔޭ ބައްތު، އެކަމަކު ހިތަށްއަރާ މިހާ ބުރަކޮށް އުޅެން ޖެހުނީމަ އެއްގޮތުން ރަނގަޅޭ، ބައްތު މަތިން ހަނދާންވެ ދެރަވެފައި ހުންނަންޖެހޭ ދުވަސް މަދުވާނެތީވެ، ސީރިއަސްކޮށް ބައްތު، އައި ރިއަލީ މިސްޔޫ، އެހާ ލޯބި ލޯބި ހަނދާންތަކެއް ދީފައި ގޮސް ތިހެހެން ދުރުގައި ހުންނާތީ އަހަރެންގެ ހިތަށްވެސް ހާދަހާ އަސަރެއް ކުރެޔޭ، އެފަދަ ގައިގޯޅިވުންތަކަށް އަހަރެންގެ ހަށިގަނޑު ބޭނުންވެސް ވޭ، ލޯބީ، މިހާރު ގިނަ ދުވަސް ވެގެންގޮސް ބަނޑު ކޮޅުގައި ރިއްސަންވެސް ފަށައިފި” މިންހާޖުގެ ވާހަކަ އަޑުއަހަން އޮތް ބަތީލުގެ ހިތް މަޑުކަފަކޮޅަކަށް ވެގެން ހިނގައްޖެއެވެ. މިންހާޖުދެކެ އެހާ ބޮޑަށް ރުޅި އާދެވުނީތީ ބަތީލު ދެރަވިއެވެ. ރޭގައި ބާކީ އޮތް ހުރިހާ އިރަކު މިންހާޖު އާއި ލޯބިން ވާހަކަދައްކަން ބަތީލު ބޭނުންވިއެވެ.

ބަތީލު ނިދަންވެގެން ލޯމަރާލީ މިންހާޖުގެ ފޯނު ކޯލުގައި އެތަށް އިރަކު އޮވެފައެވެ. ފޯންކޯލު ކަނޑާލީވެސް މިންހާޖުއެވެ. ލޯބިން ވާހަކަ ދައްކާލެވުނީތީ ބަތީލުވެސް އޮތީ ހިތްހަމަޖެހިފައެވެ. އެހިތްހަމަޖެހުމާއިއެކު ނިދާލުމަށް އޭނާ ލޯމަރާލައިގެން އޮންނަތާ ފަނަރަ ވަރަކަށް މިނެޓު ވެގެން ދިޔައިރުވެސް ލޮލަށް ނިދި ސަވާރުވާން އުޅޭކަހަލަގެ އެއްވެސް އިޝާރާތެއް ނުވެއެވެ. އެހެންނަމަވެސް ބަތީލު އޭނާގެ ދެލޯ ހުޅުވާ ކަހަލަ ޚިޔާލެއް ނުކުރިއެވެ.

“ބައްތޫ” އާދަޔާ ޚިލާފު ބަރުއަޑަކުން ބަތީލަށް މީހަކު ގޮވާލި އަޑުއިވުނެވެ.

އެއަޑުއިވުމާއިއެކު ބަތީލުގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ. އަދި ވަގުތުން ލޯހުޅުވާލެވުނީ އެއްވެސް އިޙްތިޔާރަކާއި ނުލައެވެ. ވަށައިގެން ވާ ހަތަރު ފާރުގެ ތެރޭގައިވަނީ ފެހިކުލައިގެ ފަނޑުފަނޑު އައްޔެކެވެ. މަތީގައި ފުލްކޮށް އެނބުރެމުންދާ ފަންކާގެ ފިޔަތަކުގައި ވައިއަޅާ އަޑުގެ އިތުރުން ގާތުގައި އޮތް ދާރާ ފުންކޮށް ނޭވާލާއަޑުވެސް ބަތީލަށް އިވެއެވެ. އަދި އޭނާގެ މަޑު ގުގުރީގެ އަޑުވެސް ކޮޓަރީގައި ހަރުލާފައި ހުއްޓެވެ. ބަތީލު ސިއްރުވެރި ގޮތަކަށް ލޯކުޑަކޮށްލައިގެން އޮތީ އިވެމުންދިޔަ ހުރިހާ އަޑަކަށް ސަމާލުވެއެވެ. އެހެން އޮއްވާ އަނެއްކާވެސް އޭނާއަށް “ބައްތޫ” އޭ ކިޔާ ގޮވާލައިފިއެވެ. އަޑުން ބޮޑަށް ވައްތަރުވީ ފިރިހެނަކާއެވެ. ދެން ބަތީލު ވިސްނާލީ އަޑު އައި ދިމާލަށެވެ. އޭނާއަށް އެއަޑު އައިހެން ހީވީ ކޮޓަރީގެ ދޮރާ ދިމާލުންނެވެ. މުޅި ގައިން ހީބި ނަގައިގެން ދިޔަކަން ބަތީލަށް އިޙްސާސް ކުރެވުނެވެ. އަވަހަށް ކައިރީގައި އޮތް ބާލީހުގަ ބައްދާލަމުން ދާރާގެ ގާތަށް ޖެހިލީ ކުޑަކުއްޖަކު މަންމަގެ ބަނޑުދަށަށް ވަންނަން މަސައްކަތް ކުރާ ކަހަލަ ގޮތަކަށެވެ. ދެންވެސް ދޭތެރެ ދުރުކޮށް ބަތީލަށް އެމީހަކު ގޮވާލައިފިއެވެ. ނަމަވެސް އަޑުއިވޭ ކަމަކަށް ނުހަދާ އޮތްގޮތަށް ބަތީލު އޮތީ މުޅި ހަށިގަނޑު ހަރުކަށިކޮއްލައިގެންނެވެ. އެމީހަކު އެގޮވަނީ ކޮޓަރީގެ ބޭރުގައި ހުރެގެންކަން ބަތީލު ޔަގީން ކުރިއެވެ. އެހެންނަމަވެސް ސުވާލު އުފެދުނީ އެގަޑީގައި އޭނާއަށް ގޮވާނީ ކާކުބާއޭ ހިތަށް އަރާފައެވެ. ގަޑިން ވީއިރެއް ނޭނގުނަސް ޔަގީންނުވެސް ވަރަށް ދަންވެއްޖެކަން ބަތީލަށް އެނގެއެވެ. ތިންފަހަރު މަތިން އެމީހަކު ގޮވާލުމަށްފަހު ދެން ޚަބަރެއް ނުވިއެވެ. ބިރުން އޮތް ބަތީލަށް ނިދުނީ ކޮންއިރަކުން ކަމެއް އޭނާއަކަށް ނޭނގެއެވެ.

ސިއްސައިގެން ދިޔަ ބަލްމާއަށް ފުންމައިގެން ތެދުވެވުނެވެ. ޓީވީގެ އަޑު އިވި މީހާ ހަމައަކަށް އެޅެން މަސައްކަތް ކުރި ނަމަވެސް، ސިޓިން ރޫމަށްވަނީ އަނދިރިކަން ވެރިވެފައެވެ. ހަމައެކަނި އެތަނަށް އެޅިފައި ހުރި އައްޔަކީ ޓީވީއިން އެޅިފައި ހުރި އައްޔެކެވެ.

“ކާކު ބޮކި ނިވާލީ، އަނެއްކާ ދޮންތަބާ، އޭނާ ކޮޓަރިން ފަހުން ނުކުތީތަ، ފޯނު… މަގޭ ފޯނު ކޮބާ” ބަލްމާ އަމިއްލަ ނަފްސާ ހިތާހިތުން ވާހަކަދެއްކީ އަވަސްއަރުވާލާފައެވެ. ކާމޭޒާ ދިމާ އަނދިރިވެފައި ހުރުމުން އަދި ވަކިން ބޮޑަށް ޖެހިލުންވިއެވެ. އެހެންނަމަވެސް ވަރަށް ހިތްވަރުކޮށްފައި އައިސް ސިޓިން ރޫމުގައި ހުރި ހޮޅިބުރި ދިއްލާލިއެވެ. ދެތިންފަހަރު ފިޔަޖާހާލާފާވިޔަސް ހޮޅިބުރި ދިއްލުނީތީ ބަލްމާގެ ހިތަށް ހަމަޖެހުން ލިބުނެވެ. ވަށައިގެން ބަލާލާފައި މަޑުމަޑުން ސޯފާގި އޭނާ އިށީނެވެ. ދިނާރާއި ފޯނުން ވާހަކަދައްކަން ސޯފާގައި އޮއްވާ އޭނާއަށް ނިދުނީއެވެ. ސޯފާމަތީގައި އޮތް ޓީވީގެ ރިމޯޓްނަގާ ޗެނަލް ބަދަލުކޮއްލިއެވެ. ފެންނަމުންދާ އިނގިރޭސި ލަވައިން ބަލްމާގެ ހިތް އިތުރަށް ނުތަނަވަސް ކުރުވާތީއެވެ. އެހެންނަމަވެސް ރިމޯޓު މަސައްކަތެއް ނުކުރިއެވެ. އޭގެ ބެޓެރި ނަގާފައި އަލުން ލައްވާލުމުންވެސް ޗެނަލް ބަދަލު ކުރެވޭ ގޮތް ނުވީއެވެ. މަޑުމަޑުން ރިމޯޓުން އަތުގައި ޖަހާލުމަށްފަހުވެސް އޭތި ޓީވީއަށް އަމާޒުކޮށްްގެން ބަލްމާ އެތަށް މަސައްކަތެއް ކުރިއެވެ. އެކަން ބޭކާރުވެގެން ސޯފާމައްޗަށް ރިމޯޓް އެއްލާލިއެވެ. އަދި މަޑުމަޑުން އިންނަން ފެށިއެވެ. ކުއްލިއަކަށް ހޭލެވުނު ގޮތަށް އޭނާގެ ލޮލުން ނިދިވަނީ ފިލާ ގޮސްފައެވެ. ސޯފާ މަތީގައި އޮތް އޭނާގެ މޯބައިލް ނަގާ، އޭގެ ފިތަކަށް ފިތާލި އިރު އޭތިވެސް އޮތީ ނިވިފައެވެ. ސްކްރީން ދިއްލޭ ގޮތެއް ނުވުމުން ތެދުވެގެން ގޮސް ބަދިގޭ ކަބަޑުސެޓު ކައިރީ ހުރި ސޮކެޓަށް ޖަހާފައި އޮތް ވާގަނޑަށް ފޯނު ގުޅާލިއެވެ. ހަމައެވަގުތު ބަލްމާގެ ދަށްބަނޑަށް ތޫނު ތަދެއް އިޙްސާސް ވެގެން ދިޔައެވެ. އެއަށްފަހު އޭނާއަށް އިޙްސާސް ކުރެވުނީ އޭނާ ކުޑަކަމު ދާން ޖެހިއްޖެ ކަމެވެ. ބަލްމާގެ ނިތަށް އަރައިގެން ދިޔަ ހާސްކަމުގެ ރޫތަކާއިއެކު ތިރީ ތުންފަތުގައި ދައިގަނެއްޖެއެވެ. އެއްފައި އަނެއްފަޔާލާ އޮޅާލަން އުޅުނު ކަހަލަ ވައްތަރެއް ޖައްސަމުން ބަލްމާ ބަނޑުގައި ހިފަހައްޓާލިއެވެ. މަޑުމަޑުން ފާރުގައި ހުރި ގަޑިއަށް ބަލްމާއަށް ބަލާލެވުނުއިރު ގަޑިން ދެގަޑި ބައިވަނީއެވެ. އަދި އަމުދުން އޭނާ ފާޚާނާއަށް ދާން ޖެހިލުންވިއިއެވެ.

“ނުވާނެ ކެތެއް، މަށަށް ހީސްލެވިވެސް ދާނެ، ނޫން ނޫން، ހެޔޮ ގަޔަށްލެވުނަސް، ނުދާނަން ކޮޓަރިއަކަށް، ދޮންތަ ކޮޓަރި ތަޅުލައިގެން ނިދަން ނޯންނަ ނަމަތާ އެކޮޓަރިއަށްވެސް ދާނީ” ބަލްމާގެ ހިތަށް އެރިއެވެ. ދެލޯ މަރާލާފައި ފުންނޭވާއެއް ލުމަށްފަހު ބަލްމާ ސޯފާ އާއި ދިމާލަށް ދިޔައެވެ. އަދި ސޯފާގައި އިށިންނަން އުޅުނު ވަގުތު ހޮޅިބުރި ފިޔަޖަހާލުމުން އެދިމާލަށް ބަލްމާއަށް ބަލާލެވުނީ ބޭއިޙްތިޔާރުގައެވެ. އެހިނދު އަޑުގެ ކޮޅަށް ހަޅޭލަވައިގަނެވުނެވެ. އެހެންނަމަވެސް ބަލްމާގެ އަރުން އެއްވެސް އަޑެއް ބޭރެއްނުވިއެވެ. އެއާއިއެކު މުޅި މީހާ ގަނޑުވިއެވެ. ހަތަރެސްފައި ޖަހައިގެން އޮތް މީހެއް ކަމެއް ނޭނގެއެވެ. ކަޅުކަމުން އެއްވެސް ތަނެއް ވަކިވާވަރެއް ނުވެއެވެ. ހޮޅިބުރި އާއި ދިމާ ސީލިންގާއި ފާރުގައި އެމީހަކު އޮތީ ހިއްޕާލައިގެން ބަލްމާއަށް ބަލާށެވެ. ބޮޑުކޮށްގެން އޮތް ދެލޯ އާދައިގެ އިންސާނެއްގެ ލޮލަށްވުރެ ބޮޑުކަމަށްދައްކައެވެ. އެހެންނަމަވެސް ދެލޯ ބޮޑުކޮށްގެން ބަލަން އޮތްއިރު އެދެލޯ އުފެދިފައި ހުރީ އިންސާނުންގެ ލޯހުންނަ ފަދަ ގޮތަކަށެވެ. އެސްފިޔަ ޖަހާލާހާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެތަނުން އެމީހަކު ނޫނީ އެއްޗެއް ނުފެނުނެވެ. ދެން ބަލްމާއަށް ފެނުނީ ދިމާ ކުރިމަތީ އޭނާގެ ކޮޓަރި އާއި ކުރިމަތިވާގޮތަށް އެމީހަކު ހުއްޓައެވެ. އެހިނދު ބަލްމާގެ އެއްވެސް ބާރަކާއި ނުލާ އެދިމާލަށް ކުރިއަށް ފިޔަވަޅަކަށްފަހު ފިޔަވަޅެއް އެޅެމުންދިޔައެވެ. އޭރު ބިރުންގޮސް ބަލްމާއަށް ގަޔަށް ކުޑަކަމުވެސް ދެވިއްޖެއެވެ. ނުވިތާކަށް ދެލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ހިފެހެއްޓުމެއްނެތި ބަލްމާގެ ކޯތާފަތުން ލާފައި ފައިބެން ދެއެވެ.

ހެނދުނު ތެދުވި ބިންޏާ ކޮަޓަރިން ނުކުތުމާއިއެކު ގޭތެރޭން ދުވީ ހީސްވަހެވެ. ހައިރާންވެފައި ގޭގެ އެތަން މިތަން ބަލަމުން ދިޔައިރުވެސް އެފަދަ ވަހެއް ދުވަންވީ ސަބަބެއް އޭނާއަކަށް ނުހޯދުނެވެ. އެންމެ ފަހުން ނޯށަށް ކުޅަދާނަނުވެގެން މޮޕާ ބާލިދީ ހިފައިގެން އައިސް ގޭތެރޭގައި މޮޕުލައިފިއެވެ. އެކަން ކޮށް ނިމުނު އިރު އޭނާ ހުރީ ވަރުބަލިވެފައެވެ. ބަލްމާގެ ކަމެއްބާއޭ ބިންޏާގެ ހިތަށް އެރުމާއިއެކު ދެފަޔަށް ބާރުލާފައި އެދިޔަ ގޮތަށް ގޮސް ބަލްމާގެ ކޮޓަރީގެ ދޮރު ހުޅުވާލަން ބަލާލިއިރު އެކޮޓަރީގެ ދޮރު ހުރީ ކޮންމެވެސް ވަރަކަށް ހުޅުވިފައެވެ.

“ބަލްމާ، ބަލްމާ” ބިންޏާއަށް ލިބުނު ހައިރާންކަމާއިއެކު އަޑުގައި ހުރި ނުރުހުމެ އަސަރުވެސް ފިލައިގެން ހިނގައްޖެއެވެ. އެކޮޓަރިއަށް ހީވަނީ ކުޑަވަރެއްގެ ނަގޫރޯޅިއެއް އައިސްފައި އޮތް ހެނެއެވެ. އެވެސް ބަލްމާގެ އެދަނށެވެ. އެނދުމަތީ އަޅާފައި އޮންނަ ބެޓްޝީޓުވެސް އޮތީ އެއްބައި ތަޅުންމައްޗަށް ވެއްޓިފައެވެ. ބާލީސްތަކާ ބަލްމާ ގައިގާ އަޅަން ގެންގުޅޭ ރަޖާ ގަނޑަށް ދަންދެން އޮތީ ތަޅުންމަތީގައެވެ. ބިންޏާއަށް ދެން ބަލާލެވުނީ ފާޚާނާ އާއި ދިމާލަށެވެ. އޭރު ފާޚާނާގައި ހަރުކޮށްފައި ހުރި ދޮރުގެ ސަބަބުން ފާޚާނާގައި ދިއްލާފައި ހުރި ހުދު ބޮކީގެ އަލި ފެންނަހުއްޓެވެ. އެކަމަކު މުޅި ކޮޓަރިތެރެ އޮތީ އަނދިރިކޮށެވެ.

“ބަލްމާ، މީދެން ތަންފުކެއް ބޮޑުވަރު އެނގޭ، މިހާރު މަންމައެއް ނެތޭ ކަލޭ ހަޑިކުރާ ތަންތަން ތާހިރު ކުރާކަށް، މުޑުދާރުވިޔަސް ތީ ދެން ބޮޑުވަރު، މަންމަ ބުނާނެ މިމީހުންނާ ޒުވާބު ނުކުރާށޭ، މިވަރު އުޅުމެއް ނެތް ބަޔަކާއިއެކު އިންސާނުން ކިިހިނެއް ދިރިއުޅެނީ، ޔަގީނޭ މިއަދު މުޅި ގޭތެރެއިން އެދުވި ހީސްވަހަކީވެސް ބަލްމާގެ ކަމެއްކަން، ދެން ފާޚާނާގައި ތަތްވެފައ ހުންނަންވީކީ ނޫން، އަވަސްކޮށްގެން ނުކުމެ މިކޮޓަރި ރީތި ކުރޭ” ދެފަރާތަށް ބޯހޫރާލި ބިންޏާ މިހެން ބުނެ އެކޮޓަރިއަށް ނުވެސް ވަދެ އަނެއްކާވެސް ބޭރަށް ހިނގައިގަނެއްޖެއެވެ.

ރޮއެރޮއެ ދެލޯ ރަތްވެ ދުޅަވެފައި އިން ބަލްމާ ފާޚާނާގެ ޓައިލްސްތަކުގެ މަތީ ހެއްދެވިގޮތަށް އިށީނދެގެން އިނީ ދެކަކޫ ގެނެސް ގަޔާ ކައިރިކޮއްލައިގެނެވެ. އަދިވެސް އެދެލޮލުން ކަރުނަ ނުހިކެވެ. މުޅިން ގައިން ދިލަ ނަގަނީއެވެ. އޭރު ލޭގެ ކޯރެއްވެސް ވަނީ ފާޚާނާގައި ހެދިފައެވެ. އަޑުވީއްލާ ރޯލަން ކިތަންމެ ބޭނުންވިޔަސް ބަލްމާއަށް އެކަމެއްވެސް ނުކުރެވުނެވެ. އެއްއަތުން އަނގަމަތީ ހިފަހައްޓާލައިގެން އިނދެ ރޮމުން ދިޔައީ ރޭގައި ހިނގާދިޔަ ހުރިހާކަމެއް ހަނދާނުގައި ބިންވަޅުނެގިފައި ވިޔަތީއެވެ. އޭރުގަތް ބިރާއިއެކު ނެގިނެގިފައި ޖެހުނު ހިތް އަދިވެސް ވަނީ އަވަސްވެފައެވެ. ހަށިގަނޑުގެ އެތެރޭގައި ހުރި ނާރުތައް ހީވަނީ ބުރިބުރިވެފައި ވާހެނެވެ. ހުރިހާ ކަމަކަށްވުރެ ބޮޑަށް ދެރަވެ ބަލްމާއަށް ރޮވުނީ އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ ބާރު ނެތިދާތީއެވެ. އަބަދު އެހެން ނީނދެވޭނެކަން ބަލްމާގެ ޒަމީރު ވިސްނާދިނުމުން މަޑުމަޑުން ހޭންޑް ޝަވަރުގެ އަތްގަނޑުގައި އެލިގަނެގެން ކަހަލަ ގޮތަކަށް ބަލްމާ ތެދުވިއެވެ. އޭރުވެސް ދެފައި އެއްވަރަކަށް ތުރުތުރު އަޅާލަ އަޅާލަ ހުއްޓެވެ. ފެންތިކިތަށް އައިސް ގައިގާ ޖެހިލުމުންވެސް ބަލްމާއަށްވީ އިތުރު ވޭނަކާ އިތުރު ތަކުލީފުތަކެއް ލިބިގެން ދިޔަ ކަމަކަށެވެ.

ޑިއުޓީގައި އަވަދި ނެތި އުޅެނިކޮށް ޑޮކްޓަރ ނައީމާ އައިސް ބިންޏާ އާއި ބައްދަލު ކުރިއެވެ. އަދި ފުރުން އަވަސްވެއްޖެ ކަމުގައި ބުނެ ބިންޏާގެ އަތަށް ފްލައިޓުގެ ޓިކެޓު ދިނެވެ.

“ކިހިނެއްތޯ މިވީ” ބިންޏާ ކަންބޮޑުވުމާއިއެކު އަހާލެވުނެވެ.

“ކުރިންވެސް ބުނީމެންނު ހުރިހާ ކަމެއް ހަމަޖައްސަނީ އެކޮޅުންނޭ، މާލޭން ފޮނުވާފަ އޮތް ސިޓީ އާއި ފެކްސް ފެނުނީ މިއަދު ހެނދުނު، ވީ އެންމެ އަވަހަކަށް ހުރިހާ ކުދިންނަށް މިއަންގަނީ، ޓިކެޓުވެސް ހަވާލު ކުރަމުން މިދަނީ، މިހާރު އެންމެންވެސް ތިބީ ފުރަން ތައްޔާރަށްކަމަށް ޚަބަރު ލިބެނީ، އަނެއްކާ ބިންޏާ ކަމެއް ނުނިމި ހުރީތަ” ޑޮކްޓަރ ނައިމާ އާއިއެކު ހޮސްޕިޓަލުގެ އޮފީސް އިމާރާތް ހުންނަ ދިމާލުގެ ހޯލްވޭއިން ހިނގަމުން ދިޔަ ބިންޏާއަށް ބުންޏެވެ.

“ނޫނޭ، ފުރަން ތައްޔާރު، އެކަމަކު މިދުވަސްކޮޅު މަންމަ ނެތީމަ” ބިންޏާގެ އަޑުގައި ހުރި ނުތަނަވަސްކަން ޑޮކްޓަރ ނައިމާއަށްވެސް ނަގައިގަނެވުނެވެ. ދެމީހުންނަކީ އެއްދާއިރާއެއްގައި މަސައްކަތްކުރާ ދެފަންތީގެ ދެމީހުންނަށްވިޔަސް، ޑޮކްޓަރ ނައީމާ އާއި ބިންޏާއަކީ މަސައްކަތުގެ ދާއިރާގައި ޒަމާންވީ ދެ ރަޙުމަތްތެރިންނެވެ. އެހެންވެ ޑޮކްޓަރ ނައިމާއަށްވެސް ބިންޏާގެ މައިންބަފައިން ރަށުގައި ނެތްކަމާއި، އޭނާ ޒިންމާ ނަގަންޖެހޭ ކޮއްކޮއަކު ގޭގައި އެބަހުރިކަންވެސް ވަނީ އެނގިފައެވެ.

“ކޮންއިރަކުންތަ މަންމަމެން އަންނަނީ، ބުންޏެއްނު ވީކެއް ވަރޭ ވާނީ، މިހާރު އަންނަންށެއްނު އުޅޭނީ، އަނެއްކާ ބިންޏާގެ ކޮއްކޮއަކީ އެހާ ކުޑަކުއްޖެއްވެސް ނޫނެއްނު، ވަޒީފާގައޭ ބުނީމެންނު އުޅެނީވެސް” ޑޮކްޓަރ ނައިމާ ވާހަަކަދެއްކިއެވެ.

“އާން، ދެން އަހަރެން މަންމަ އާއި ވާހަކަދައްކާލާފަ ހަމަޖައްސާލަ ފާނަން، ކޮންމެ ގޮތެއްވިޔަސް މިވަރުކޮށްފަ ވޯކްޝޮފްގައި ބައިވެރިވާން މާލެ ނުގޮހެއްނުވާނެ އެންނު، އާރިފާމެން ވަރަށް ކުދިކިޔަ ކިޔާ ތިބީ، ޔަގީން އެމީހުންގެ ބަދު ދުޢާކަން މިޖެހުނީ، އެމީހުން އެވޯޑުތެރޭގައި ކިޔޯ މިތަނަށް ކަމެއް އައިސް ފިއްޔާ އެންމެ ފުރަތަމަ ލިސްޓުގައި އޮންނާނެ ނަމަކީ މަގޭ ނަމޯ، އަހަރެން ހިތަށް އަރާ އެމީހުންނަށް ނޭނގޭ ބާއޭ، އަހަރެން މިހިރީ އެފެންވަރަށް ކިޔަވައިގެން ކަމެއް، އަނެއްކާ އެމީހުންހެން ބަލިމީހާ ފެންނައިރަށް މަގޭ މޫނު ހުންނަނީ ކުނިވެފަކާ އެއް ނޫން، ފަކުރުގަނެފައެއްވެސް ނޫން، އެމީހުން ހާދަ ޖޭވެޔޭ މަށަށް ކުރިއެރުން ލިބޭތީ، އެމީހުންވެސް މައްޗަށް މޮޅަށް ކިޔެވީމަ ނިމުނީއެންނު، އަހަރުމެންގެ ފަހަށް މިހޮސްޕިޓަލަށް ވަންނަ ކުދިން އަދި އަހަރުމެންނަށްވުރެ މޮޅުވާނެކަން ޔަގީން، އެކުދިންނަށް ފުރުޞަތު ދިނުމަކީވެސް އަހަރުމެންގެ ޒިންމާއެއް، އެކަމަކު ތަންތަނުގަ މިތިބޭ ބޯދާ ޚިޔާލުގެ މީހުނާއި ހެދި ގިނަ ފަހަރަށް ތަނަށްވެސް ހެޔޮ ބަދަލެއް ނާންނަނީ” ޑޮކްޓަރ ނައިމާގެ ކެބިންނަށް ބިންޏާ އާއި ދެމީހުން ވަނެވެ.

“ހެ ހެ ހެ ހެ، އެކަމާ އަޅާނުލާ ބިންޏާ، ވެރިންނަށްވެސް ފާހަގަ ކުރެވޭނެ ތަނުގަ ކުރިއަރުވަންވީ ކޮންކޮން ބައެއްކަން، އެކަހަލަ ކުދިންނަށް ފުރުޞަތުވެސް ދޭނީ، އެގޮތަށް އުޅޭނެ ބަޔަކުވެސް ކޮންމެ ތަނެއްގައިވެސް ތިބެންވާނެތާ، އޭރުން ވާދަވެރިކަން އޮންނާނީ، ވާދަވެރިކަން އޮންނަންޔާ، މޮޅެތި ކުރިތައް އެތަނަކުން ފަޅާނެ” ޑޮކްޓަރ ނައިމާގެ ޚިޔާލު ހުރީ ވަރަށް ޕޮޒިޓިވްކޮށެވެ. ބިންޏާގެ ތުންފަތަށްވެސް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އަދި މަސައްކަތުގެ ދާއިރާގައި ގިނަ ހުރަސްތަކެއް ހުއްޓެއްކަމަކު ކުރިއަށް ދިއުމަށް ހިތްވަރުވެސް ލިބިގެން ދިޔައެވެ.

ހަވީރުގެ ސައިގައި ކާމޭޒުދޮށުގައި ކާސިމުމެންގެ ދެމަފިރިން ތިބި އިރު އަނެއްފަރާތުގައި ތިބީ އަންބަރާއި ދާރާއެވެ. އަންބަރު ބޭނުންވި ގޮތަށް ހުރިހާ ކަމެއް ނިމުނީމަ އޭނާ ހުރީ އުފަލުންނެވެ. ހިތްހަމަޖެހިގެން ހުރެ އެނބުރި ދާރާމެންގެ ރަށަށް ދާން އޭނާ ހުރީ ތައްޔާރަށެވެ. ރަށުގައި އެންމެ ފުރަތަމަ ފުރަން ހަމަޖެހިފައި އޮތް އޮޑިން އެންމެނަށް ޖާގަވެސް ވަނީ ހަަމަޖައްސާފައެވެ. ދެރަވެގެން އުޅެނީ ކާސިމުމެންގެ ދެމަފިރިންނެވެ. ދާރާ އާއި ކުދިން ފެންނާނެ ދުވަހެއް ދެން ނޭނގޭތީއެވެ.

“ހެލޯ” ސައިގެ ކަންތައްތައް ނިންމާލުމަށްފަހު ގޯތިތެރޭގައި އޮތް ހުސްތަނުގައި ގޮނޑިޖަހައިގެން ދުފަން އިން ދާރާގެ ފޯނު ބަތީލު ހިފައިގެން އައިސް ދިއްކޮށްލުމުން ކަންފަތުގައި ވަގުތުން ފޯނު ޖައްސާލަމުން ދާރާ ބުންޏެވެ.

“މަންމާ، މަށޭ މީ، ބިންޏާ، މަންމާ، އަހަރެން މާދަން މެންދުރު ފުރަން ޖެހިއްޖެ، ދެން ކިހިނެއް ހަދާނީ، މަންމަމެން ކޮންއިރަކުންތަ އަންނަނީ، މާދަމައަށް އާދެވޭނެ ގޮތެއް ނުވާނެތަ، ގޭތެރޭގަ ބަލްމާގެ ކަންތައް އެހާ ބޮޑުއިރު އޭނާ އެކަނި ބަހައްޓާފަ ދިއުން އެއީ ރަނގަޅު ކަމެއްކަމަށް އަހަންނަކަށް ނުފެނޭ، އިއްޔެވެސް އޭނާ ޑިއުޓީއަށް ދިޔަހެނެއް އަހަންނަކަށް ހިޔެއްނުވޭ، އަހަރެންގެ ބޯފަޅައިގެން ދާވަރުވޭ، ދެން އަވަހަށް މަންމަމެން މިކޮޅަށް އަންނަން އުޅެބަލަ” ބިންޏާ ފޯނުން ބުންޏެވެ.

“ހޮނިހިރަށް ފުރުން ހަމަޖެހިފަ އޮތީ، އެކަމަކު މިއަދު ދެއްކި ހުކުރު ދުވަހު ހަވީރު ދޯނި ނައްޓާލާ ވާހަކަވެސް، އެކަމަކު ތިބުނީ މާދަމާ މެންދުރު ފުރާ ވާހަކަވިއްޔަ، މަންމައަށްވެސް މިވަގުތު ދަތި އެއްޗެއް ބުނަން، އެކަމަކު ތިބުނާހެން އެންމެ ދުވަހަކަށްވިޔަސް ބަލްމާ އެކަނި ބަހައްޓާކަށް މަންމައަކަށްވެސް ނުފެނޭ، ބިންޏާގެ ފުރުންވެސް ލަހެއް ނުކުރެވޭނެކަން މަންމައަށް އެނގޭ، ވަރަށް ދެރަކޮށް މިކަން މިވަނީ، ހުރޭ ބައްޕަ އާއި ވާހަކަ ދައްކާފަ މަންމަ އެބަ ގުޅަން އިރުކޮޅަކުން، އަދި ބުނަން، ދަރިފުޅު ފުރަން އުޅޭ ވާހަކަ އަދި ބަލްމާ ގާތު ބުނާނެ ކަމެއްނެތް، އެހެންނޫނީ އޭނާ ގޭތެރޭގައި ވަރަށް ކަންތައް ބޮޑުކޮއްލަފާނެ” ދާރާގެ މޫނުމަތިން ހަމަޖެހުން ގެއްލިއްޖެއެވެ. އަވަސް އަރުވާލާފައި އިންތަނުން ތެދުވެވުނީ އަންބަރު ހޯދާށެވެ. އޭނާ އާއިއެކު އިން ފާތުމައަށްވެސް ކޮންމެވެސް ވަރަކަށް ދާރާ ފޯނުން ދެއްކި ވާހަކަ އޮޅުން ފިލާފައިވުމުން އޭނާވެސް ދާރާގެ ފަހަތުން ތެދުވެ ހިނގައިގަނެއްޖެއެވެ.

“ޚަދީޖާމެންގެއަށް ވަދެލާފަ އަންނާނަމޭ ކިޔާފަ ހިނގައްޖެ” ގޭދޮރުމަތީ ރަށުމީހަކާ ވާހަކަދައްކަން ހުރި ކާސިމު ބުންޏެވެ.

“ދުވާލަކު ތިންހަތަރު ފަހަރަށް އެގެއަށް ވަަނަސް އޭނާގެ ހިތްފުރޭ ވަރެއް ނުވާނެ، އެންމެފަހުން މަށަށް މިޖެހުނީ އޭނާ ހޯދަން އެގެއަށް ދާންށެންނު، ވަރަށް ފޫހިވޭ” ދާރާ ގޭތެރެއަށް ވަދެ ކުދިކިޔާލިއެވެ. މިއަޑު އަހަން ހުރި ފާތުމަ ދާރާއަށް ޚިޔާލެއް ދިނެވެ.

“ދާރާ މަޑުކުރޭ، އޮއްވަޅުކުޅެން އޭނދަ ސޮރު އަހަރެން އެގެއަށް ފޮނުވަފާނަން، އެއީ އެގެއާއި ޖެހިގެން ހުރި ކޯމަސް އޮޑިދުއްވާ ހަސަނުގެ ދަރި، އޭނާ އަބަދުހެން އެގެއަށް ވަދެ ނުކުމެ އުޅޭތަން އަހަރެން ދެކެން” ފާތުމައަށް ސިޓިން ރޫމުގައި އޮއްވަޅުގޮނޑި ކުޅެން ތިބި ކުދިވެރިން ފެނިފައި ބުންޏެވެ. އެޚިޔާލު ދާރާއަށް ވަރަށް ކަމުދިޔައެވެ.

“ރާމިޒު، ކަލޯ ދޭބަލަ މިދައްތަގެ ގޯތިމީހާ ވެއްޖެ ޚަދީޖާމެންގޭގަ، ދެންމެ ކާސިމްބެއާއިއެކު ނުކުންތަން ދެކުނީމެންނު ދޯ، އެގޯއްޗަށް ގޮސްބުނޭ ވަރަށް ބޮޑު ކަމެއްވެއްޖޭ އަވަހަށް އަންނާށޭ” ފާތުމަ ކަންބޮޑުކޮއްލާފައި ބުންޏެވެ. މިހެން ބުނުމާއިއެކު ވަޅުތެރެއަށް ބޮލިތައް ދޫކޮށްލާފައި ރާމިޒު ދުއްވައިގަނެއްޖެއެވެ.

“ކިހިނެއްވީތަ” އަންބަރަށް ހާސްކަމާއިއެކު އެންމެ ފުރަތަމަވެސް އަހާލެވުނީ ދޮރުމަތީގައި ހުރި ކާސިމުގެ ގާތުންނެވެ.

“އަންބަރު ހޯދާ މީހުން އެތެރޭގައި ވެއްޖެ، ދާރާ ކޮންމެވެސް ކަމެއް ބޭނުންވެގެން އުޅޭހެން ހީވަނީ” ކާސިމަށް ހީވެފައި އޮތްގޮތަށް ބުނެލިއެވެ.

އަންބަރު ގޭތެރެއަށް ވަނުމާއިއެކު ދާރާ އޭނާ ގޮވައިގެން އެމީހުން ނިދާ ކޮޓަރިއަށް ދިޔައެވެ. އަދި ބިންޏާ ފުރަންޖެހުނު ވާހަކަ އަންބަރަށް އެންގިއެވެ. ފުރުން އަވަސް ކުރަންވީ ކަމުގައި ދާރާ އެދުނެވެ. އެހެންނަމަވެސް އަންބަރުގެ ފަރާތުން މާބޮޑު ހާސްކަމެއް ނުފެނުމުން ދާރާ ހިތްހަމަނުޖެހުނެވެ.

“ދާރާ، އަހަރެންވެސް އަވަސް ކުރަން ބޭނުން، އެކަމަކު އަހަރެން ބޭނުންވާ ދުވަހު ދޯނި ނުފުރުމަކީ އޭގަ އަހަރެން ކުރާނެ ކަމެއްތަ، ބަލްމާއަކީ ކުޑަކުއްޖެއްނޫން، ބިންޏާ މާދަން ފުރަންޏާ، ބަލްމާ އެކަނި ސައުވީސްގަޑިއިރު ނުވަނީސް އަހަރުމެންނަށް ރަށަށް އެރޭނެ، އެހާ ވަގުތުކޮޅެއްގައި އޭނާ ކަމަކަށް ބޭނުމެއް ނުވާނެ އެންނު، ބިންޏާ ގާތު ބުނޭ އެހެން، ދެން ބަލްމާ އާއި ދެކުދިން ވާހަކަދައްކާފައި ރަނގަޅު ގޮތެއް ނިންމަށޭ، އެހާ ވަގުތު ކޮޅަކަށް ބަލްމާއަށް އެކަނި ގޭގައި ނުހުރެވޭނަމަ ދާރާގެ ގާތް އަވަށްޓެރިން އުޅޭނެ އެންނު، ދެން އަނެއްކާ ތިމާގެ މީހުންވެސް އެބަތިބި އެއިން މީހެއް ގާތު ބަލްމާ ބަހައްޓަންވީނު، ނޫނީ އެހާ އިރަށް ބަލާލަދޭން ބުނަންވީނު” އަންބަރުގެ ވާހަކަ ހުރިގޮތުން ދާރާ ހިތްހަމަ ނުޖެހުނަސް އިތުރަށް ޖަދަލު ކުރާކަށް އޭނާ ގަސްދެއް ނުކުރިއެވެ.

“ހޫން ދެންހެވޭ، އަހަރެން ކޮންމެވެސް ގޮތެއް ހަމަޖައްސަ ފާނަން، އެކަމަކު ދެން އިތުރަށް ފުރާ ދުވަސް ލަހެއް ނުކުރެވޭނެ، އަންބަރު މިރަށުގަ ހުންނަން ބޭނުންވާނަމަ ހުއްޓަސް އަހަންނަށް އެންމެ ރަނގަޅު، އަހަރެން މިކުދިން ގޮވައިގެން އެނބުރި ރަށަށް ހިނގައިދާނަން” ދާރާ މިހެން ބުނެ އެނދުގައި އިށީނދެ ބިންޏާއަށް ގުޅިއެވެ. ކަންތައް ކުރަންވީގޮތް ކިޔާދިނުމަށްފަހު ބަލްމާގެ ގާތުގައި ފުރަން ހަމަޖެހިފައި އޮތްކަން ބުނަންވެސް ދާރާ އެދުނެވެ. އަދި އަންބަރު ދެއްކި ވާހަކަ އާއި ގުޅުވާލަމުން ދާރާވެސް ވާހަކަދެއްކިއެވެ. ބަލްމާ އެކަނި ނުވާނެ ކަމާއި، ބިންޏާ ފުރަން ދާތާ ސައުވިސް ގަޑިއިރު ނުވަނިސް ދާރާމެން އެންމެން ތިބޭނީ އެރަށުގައި ކަމަށެވެ. އެކަމާ ބިންޏާވެސް ހިތްހަމަޖެހުނެވެ. އެހެންނަމަވެސް ބަލްމާއަށް ދާރާ ގުޅުމަށް ބިންނާ އެދުނެވެ.

އާދަޔާއި ހިލާފަށް ބަލްމާ ހުރީ ބަނޑުހައިވެފައެވެ. ކާމޭޒު ދޮށުގައި އިށިންގޮތަށް ދެތިން ފަހަރަށް މެންދުރަށް ހަދާފައި ހުރި ސްޕެގެޓީ ތެލިން އަޅައިގެން ކައި ނިންމައިފިއެވެ. އެހެންނަމަވެސް އޭނާގެ ބަނޑު ފުރޭ ގޮތެއް ނުވެއެވެ. ކައިކައި މީހާ ލޮޑު ވުމާއިއެކު ދެން އިތުރަށް ކައިފިއްޔާ ބިންޏާއަށްވެސް ރޭގަނޑު އައިސް ކާނެ އެއްޗެއް ނުހުންނާނެކަން ބަލްމާއަށް ވިސްނި ތަށި ދޮވެގެން އައިސް ޖޫސްތައްޓެއް ގިރާލައިފިއެވެ. އާދައިގެ ބިއްލޫރި ތަށީގެ ދެތަށި ހުންނަ ވަރުގެ ބޮޑު މަގެއްގައި ޖޫސް ގިރާ ލައިގެން ސޯފާގައި އިށީނެވެ. ރަނގަޅަށް ހޭވެރި ކަމެއް ވީވެސް އޭގެ ފަހުގައެވެ.

“ބަނޑު ފަޅައިގެން ދާންތަ މިއުޅެނީ، މިވަރަށް އަދި ދުވަހަކުވެސް ނުކެވޭ، އެކަމަކު ހާދަ ބަނޑުހަޔެކޭ އަދިވެސް މިވަނީ” ބަލްމާ ސޯފާގައި އިނދެ ޖޫސް މަގަށް ބަލަމުން އަމިއްލައަށް ބުނެލިއެވެ. އޭނާގެ ބަނޑަށް ވާންވެފައި ހުރިކަން އިޙްސާސް ކުރެވޭތީ ކުރިމަތީ ހުރި ކުޑަމޭޒުމަތީ ޖޫސް މަގު ބެހެއްޓީ އިތުރަށް ބަނޑުހައި ވިޔަސް ނުބޯން ނިންމައިގެންނެވެ. އެއަށް ބަލަހައްޓައިގެން އިންއިރު އޭނާގެ ދެލޯ ފެންކަޅިވަމުން ދިޔައެވެ. މަޑުމަޑުން އަމިއްލަ ގައިގެ ތަންތަނުގައި އަތްހާކާލެވުނީ އެތަންތަނަށް ތަދުވާކަން އޭރުވެސް އިޙްސާސް ކުރެވެމުންދާތީއެވެ. އެވަގުތު ބަލްމާގެ ފޯނު ރިންގުވާން ފެށިއެވެ. އޭނާއަށް ގުޅަނީ ދިނާރެވެ.

“ބެލް، މި ނިމުނީ އޮފީހުން، މިދަނީ ގެއަށް، ފެންވަރާލައިގެން ދާންނަން އެނގޭ ތިގޭދޮށަށް، ނުކުންނައްޗޭ، ނޫނީ ގޮސް ވަންނަންވީތަ” ދިނާރު ފޯނުން އަހާލިއެވެ. މަޑުމަޑުން ހޫން ލައްވާލި ބަލްމާ ގިނަ ވާހަކަތަކެއް ދެއްކުމެއްނެތި ދިނާރުގެ ކޯލު ކުރުކޮއްލިއެވެ. ވިސްނުމުގެ ތެރެއަށް ސިކުނޑީގެ ބާރު ދޫކުރަމުން ދިޔަ ވަރަކަށް ބަލްމާއަށް ލިބެމުންދިޔައީ އިތުރު ނުތަނަވަސް ކަމާއި ހިތްދަތިކަމެވެ. އޭނާއަށް ދިމާވާ ހުރިހާ ކަަމަކީ އާދައިގެ ކަންތައްތަކަށް ނުވާއިރު އެއީ އޭނާއަށް ތަހައްމަލު ކުރަން އެހާ ފަސޭހަ ވޭންތަކެއްވެސް ނޫނެވެ. ދެކެން ފަސޭހަ މަންޒަރު ތަކެއްވެސް ނޫނެވެ. ގަދަ ބާރުން ނޭނގޭ ބާރެއް އޭނާގެ ހަށިގަނޑުގެ މީރުކަން ހޯދަމުން ދަނީ އޭނާގެ އެއްވެސް ހުއްދައެއް ނެތިއެވެ. ވަރަށްވެސް އަނިޔާވެރި ކޮށެވެ. ބޭރަށް ފާޅުވާ ފަދަ ނިޝާންތައް ހަށިގަނޑުގައި ލަކުނު ލާނޭ ފަދައިން ކަނޑަމުންނެވެ. ބިރުންގޮސްވެސް އޭނާ މިހާރު މޮޔަވާވަރު ވެއްޖެއެވެ. ދުވަހަކުވެސް އެފަދަ ނުބައި ސޫރައެއް ދެކެފައެއް ނުވެއެވެ. ރޭގަނޑު އިރުއޮއްސިއްޖެ ނަމަ ބަލްމާއަށް އެކި އެކި އުނދަގޫތައް ވަނީއެވެ. ހިތްއަވަސްވެ ބުނެދޭން ނޭނގޭ ފިނިކަމެއް ހަށިގަނޑަށް އިޙްސާސް ކުރެވި ކުރެވި ހުރެއެވެ. އެކަމަކު އޭނާ އެހާލުގައި އަބަދު އުޅޭކަށް ބޭނުމެއްނޫނެވެ. އާދައިގެ ގޮތަކުން ސަލާމަތްވެވެން އޮތް ކަމެއް ނޫންކަން ބަލްމާއަށް އެނގޭތީ ކޮންމެވެސް މީހަކަށް ބަލްމާގެ ހާލު ޚުދު އޭނާ ކިޔާދޭން ބޭނުންވެއެވެ. އެހިނދު އޭނާގެ ސިކުނޑިއަށް ހަމައެކަނި އައި ނަމަކީ “ދިނާރު” އެވެ.

ހަށިގަނޑަށް އިޙްސާސް ކުރެވެމުންދިޔަ ލޮޑުކަމާއިއެކު ބަލްމާގެ ދެލޯ މަޑުމަޑުން މެރެމުންދިޔައެވެ. ނިދިޖެހިފައި ސޯފާގައި އޮންނަތާ ގިނައިރެއް ނުވަނިސް ސިއްސައިގެން ގޮސް ތެދުވެވުނީ ސިޓިން ރޫމު ދޮރުގައި މީހަކު ޓަކިދޭ އަޑަށެވެ. އެންމެ ފުރަތަމަވެސް ނަޒަރު ހިންގާލެވުނީ ސިޓިން ރޫމު ފާރުގައި ފެންނަން ހުރި ގަޑިއަށެވެ. ފުންނޭވާއެއް ބޭރުކޮއްލަމުން އިސްޖަހާލާފައި ދެފަރާތަށް ބޯހޫރާލިއެވެ. އޭނާ ހީކުރީ އިރުއޮއްސުނީ ކަމަށެވެ. ނަމަވެސް ހީވި ހީވުން ގޯސްވުމުން އެކަމާ ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލީއެވެ. ދޮރުގައި މީހަކު ޓަކި ޖަހާއަޑަށް ބަލްމާއަށް ސަމާލުވެވުނީ ދެނެވެ. އަވަސް ފިޔަވަޅުގައި އައިސް ސިޓިން ރޫމުގެ ދޮރު ހުޅުވައިފިއެވެ.

“ހާދަ ވަރަކަށް ދޮރުގަ ތަޅައިފީމޭ، ފޯނަށްވެސް އަހަރެން ގުޅިން، ބެލް ކީއްތަތިކުރަނީ” ދޮރުމަތީގައި ހުރި ދިނާރު ބުންޏެވެ.

“ނިދިފަ އޮތީމަ ނޭނގުނީ، އާދޭ އެތެރެއަށް” ބަލްމާ، ދިނާރުގެ އަތުގައި ހިފާލަމުން ބުންޏެވެ.

ސޯފާގައި ދިނާރާއި ވަރަށް ގާތުގައި ބަލްމާ އިށީނދެލައިގެން ބަސްމަދުވެފައި އިންއިރު، ދިނާރު އެކިއެކި ވާހަކަދެއްކިއެވެ. އޭނާއަށް ބަލްމާގެ މަޑުމޮޅިކަން ފާހަގަ ކުރެވެއެވެ. އެހެންނަމަވެސް އެކަމާ ސުވާލުކޮށް އިތުރު ވާހަކަ ދައްކާނީ ކިހިނެއްކަމެއް ނޭނގެއެވެ. ދެއްކޭ ވާހަކައަކުން ބަލްމާގެ މޫޑު ގޯސްވާކަށް ދިނާރު ބޭނުމެއްނޫނެވެ. ދެންވެސް އޭނާ ބެލީ އެކި އެކި ވާހަކަތަކުން ހުސްވަގުތު ފުރާލެވޭތޯއެވެ.

“ދިނާރު…” ދިނާރުގެ އަތުގެ އިނގިލިތަކާއި ކުޅެމުންދިޔަ ބަލްމާ މަޑުމަޑުން ގޮވާލިއެވެ.

“ކިހިނެއްވީ، ބޭރަށް ދާންވީތަ” ދިނާރު އަހާލިއެވެ. ބަލްމާ މަޑުމަޑުން ދެފަރާތަށް ބޯހޫރާލަމުން ދިނާރާއި ހަތަރުކަޅި ބައްދަލުކޮށްލިއެވެ. އެދެލޮލުން ވޭނީ އަސަރު ވިދާލީ ކުދިކުދި މުތީތަކެއްހެންނެވެ. ކަރުނުން ދެލޯ ފުރި ބަލްމާގެ ކޯތާފަތް ތެތްމަމުން ދިޔަތަން ދެކޭކަށް ދިނާރުގެ ހިތަކަށް ކެތެއް ނުވިއެވެ. ވަގުތުން ބަލްމާ ގެނެސް މޭގައި ބޮނޑިކޮއްލަމުން ސުވާލު ކުރަން ފެށިއެވެ. އެއްޗެއް ނުބުނެ ރޮމުން ދިޔަ ބަލްމާ އިރުކޮޅަކު އެހެން އިނުމަށްފަހު ތެދުވިއެވެ. ދެލޯ ފޮހެލާފައި ލައިގެން ހުރި ގަމީސްކޮޅުގެ ގޮށްތައް ނައްޓަން ފެށިއެވެ.

“ބެލް، މިގަޑީގަ އެއްޗެހި ބާލަނީތަ، ބެލްގެ ދޮންތަ އައިސްފިއްޔާ ކިހިނެއްވާނީ، ރަނގަޅު ގޮތެއްނޫން ތީ، އާދެބަލަ މިތާ އިށީންނަން، ބެލް ޕްލީޒް ނުރޮއެ ހުއްޓާލާފަ އަހަންނާ ވާހަކަދައްކަބަލަ” ދިނާރަށްވެސް ކަންބޮޑުވުމާއިއެކު ތެދުވެވުނެވެ. ހަމަ އެއާއިއެކު އޭނާއަށް ފެނުނު މަންޒަރުން ދެކަކުލުހުޅުން ވާގިދިއުމާއިއެކު ސޯފާއަށް ވެއްޓިއްޖެއެވެ. ދެލޯބޮޑުކޮށްފައި އަދިވެސް ދިނާރަށް ބެލެނީ ބަލްމާގެ ގަޔާ ދިމާލަށެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *