ABADHU THIYA LOABI KALAA VAANAN HEY [09]

“މިދަނީ މާމަމެންގެއަށް ދޯ ޔޫޢާން” ޒައުލް ހެވިލާފައި އިނދެ ބުނެލިއެވެ. އަދި ފަހަތުގައި އިން ޔޫޢާންއަށް ނިތްއެއްލިއެވެ. ޔޫޢާންއަކީ ޒައުލްގެ ދައްތަ، ލޫލުއާ އާއި ހާޒިމްގެ ދަރިއެކެވެ.

“މިހާރު އަބަދު އެގޭގަ ދޯ” ޝަދަފު ކޮންމެވެސް ވާހަކައެއް ދެއްކުމުގެ ބޭނުމުގައި ބުނެލިއެވެ.

“ނޫނޭ، މިދަނީ މީނަ އެގެއަށް ލާންވެގެން، އޭގެ ފަހުގައި އަހަރުމެން ދާނީ ކޮފީއަކަށްނު، އެގޮތް ކިހިނެއްވާނީ” ޒައުލް ވަރަށް ހަމަޖެހިލާފައި ބުނެލިއެވެ.

“މިގަޑީގައި، ކޮފީއަކަށް” ޝަދަފު އެހާ ގަޔާނުވާހެން ހީވިއެވެ.

“މިގަޑީގަ ކިހިނެއްތަވީ؟ ގެއަށް ދިޔަޔަސް ބުނާނީ ސައިބޯން އަންނާށޭ، އެހެންވީމަ ދެމީހުންވެގެން ތަނަކަށްވަދެ ކޮފީއަށް ބޯލުމަކީ މައްސަލައެއްނޫނެންނު” މަގުމައްޗަށް ނަޒަރުހުއްޓާލައިގެން އިން ޒައުލް ބުނެލިއެވެ.

“މިވަގުތު ގެއަށްދާން ބޭނުންވަނީ، މަންމަ އާއި ރީޝް އަހަރެންގެ ފޯނަށް ވަރަށް ގިނައިން އެބައޮތް ގުޅާފައި” ޝަދަފު އޭނާގެ ފޯނާ ކުޅެން އިނދެ ބުންޏެވެ.

“ގެއިން ބޭރަށް ނުކުންނަންއިރަށް އެމީހުންތިބޭނީ ޑިފީ އުޅޭނޫޅޭގޮތް ބަލަންވެފައި…” ޒައުލް މާގިނަވާހަކައެއް ނުދެއްކިއެވެ. ފަހަތުގައި އިން ޔޫޢާންއަށް ޒައުލް ބަލާލީ އެކުއްޖާ އިންދާ އޭނާ ބުނަން ކޮންމެ ވާހަކައެއް ޝަދަފުގެ ގާތުގައި ނުބުނެވޭނެތީ އެހެންވެއެވެ.

އިރުއޮއްސި ހަތެއް ޖަހަން އުޅެނިކޮށް ތަރަފްގެ މެސެޖެއް ޝަދަފުގެ ފޯނަށް އައެވެ. ހުރިތަނުން ހަމަމިހާރު ގެއަށް އައުމަށް އެދިފައި އޮތް އެމެސެޖު ޝަދަފު ކިޔާލުމާއެކު އަވަސްވެގަތީ ގެއާދިމާލަށް ދިއުމަށެވެ. ޒައުލްއަށް އިތުރަށް އޭނާ ނުހުއްޓުވުނެވެ. އެހެންވެ ޝަދަފުގެ ގެއަށް އޭނާގެ ކާރުގައި ގެންގޮސްދިނެވެ. ފަހުން ދިމާވާނެކަމުގައި ބުނެ ޝަދަފު އޭނާގެ ގެއަށް ވަނުމަށްޓަކައި ހިނގައިގަތެވެ. ތަންކޮޅެއް ބާރަށް ހިނގާލާފައި އައިސް ގެއަށް ވަންއިރު ބޮޑުކޮޓަރިތެރޭގައި އެކަކު ވެސް ފެންނަން ނެތުމުން ޝަދަފު ހައިރާންވިއެވެ. ތަރަފް އެފަދަ އަމުރުވެރިގޮތަކަށް މެސެޖުކޮށްފައި އޮތުމުން ޝަދަފަށް ހީވީ އޭނާ ގެއަށް އަންނައިރު އޭނާގެ އިންތިޒާރުގައި ގޭމީހުން ތިބޭނޭކަމަށެވެ. ވަށައިގެން ހޯދާލާފައި އޭނާ ސިޑިން އަރައިގެން ކޮޓަރިއާ ދިމާލަށް ދިޔައެވެ. އޭރު ކުޑަކޮށް ހުޅުވިފައި ހުރި ކޮޓަރީގެ ދޮރު ދޭތެރެއިން ޝަދަފުގެ ކޮޓަރީގައި ރީޝަމް ނޫން ބަޔަކުވެސް އެބައުޅޭކަން އެނގުނެވެ.

“ކޮބާތަ ޝަދަފުގެ ފޯނު، ގުޅީމަ ނުނެގެންޏާ ކީއްކުރަން ގެންގުޅޭ ފޯނެއްތަ އެއީ، ކިހާވަރަކަށް ގުޅިއްޖެ” ކޮޓަރިއަށް ވަން ޝަދަފު ފެނި އަސްމަހާނު ރުޅިއައިސްފައި ހުރެ ބުނެލިއެވެ. އެވަގުތު އޭނާ ބުނި އެއްޗަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ޝަދަފުގެ ލޮލުގައި އަޅައިގަތީ އެނދުގައި އޮތް ރީޝަމްއެވެ.

“ރީޝް، ރީޝްއަށް ކިހިނެއްވީ” ކަންބޮޑުވެފައި ޝަދަފަށް އައިސް ރީޝަމްގެ ގާތުގައި އިށީނދެވުނެވެ. އެހިނދު ތަރަފް، ޝަދަފުގެ މުލަށްދަނޑީގައި ހިފާ އެތަނުން ނެގިއެވެ. އަދި ޝަދަފު ގޮވައިގެން ކޮޓަރިން ބޭރަށް ނުކުތެވެ.

“ޝަދަފު، ދަރިފުޅު އަދިވެސް ހަރުދަނާވާކަށް ނުވިސްނަން ދޯ، ތިހެން އަބަދަކު ނޫޅެވޭނެއެންނު، މީހަކާ އިނީމަ އަނބިމީހާގެ ހުރިހާ ޒިންމާއެއް އުފުލަންވާނެ މީހަކީ ފިރިމީހާ، އެކަމަކު ދަރިފުޅުގެ ފަރާތުން އެފަދަ ގާތްކަމެއް ބައްޕައަކަށް ނުފެނޭ، ތިހެން އެއްގޮތަކަށް ވެސް ދެން ކަންތައްކޮށްގެން ނުވާނެ، ދަރިފުޅާ، ރީޝްއަށް ދަރިފުޅުގެ ލޯތްބާއި އެއްބާރުލުން މިހާރު ކުރިއަށްވުރެ ބޮޑަށް ބޭނުންވާނެ” ތަރަފް ބުނަން ބޭނުންވެގެން އުޅުނު ވާހަކަ ނުބުނެވެނީސް ޝަދަފު ސުވާލުކުރަންފެށިއެވެ.

“ބައްޕާ، ރީޝްއަށް ކިހިނެއްތޯވީ، އަޅުގަނޑު ރީޝް ދެރަވާވަރުގެ ކަމެއްނުކުރަން” ކިހިނެއްކަމެއްމިވަނީ ނޭނގޭތީ ޝަދަފު ހުރީ ވަރަށް ކަންބޮޑުވެފައެވެ.

“މިއަދު ބައްޕަ މިހިރަ މަޤާމަށް ދަރިފުޅު އަންނާކަށް ދެން މާގިނަދުވެހެއްނެތް، އެހެންވެ މިބުނަނީ ހަރުދަނާވާށޭ، އަނެއްކޮޅުން ރީޝް އެހާލުގައި އުޅޭއިރު ޝަދަފުގެ ލޯތްބާ އޯގާތެރިކަން އެކުއްޖާއަށް އިންތިހާއަށް ބޭނުންވާނެ” ތަރަފްގެ ވާހަކައިން ޝަދަފުގެ ބޮލުގައި ރިއްސާލީ އޭނާއަށް ތަރަފް އެބުނާއެއްޗެއް ފަހުމްނުވެގެންނެވެ.

“އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން މިހާރު ވެސް ރީޝްއަށްލިބޭނެ، ކީއްވެތޯ ބައްޕަ ތިވިދާޅުވަނީ އަޅުގަނޑު ބައްޕަ ހުރި މަޤާމަށް އަންނާނެ ވާހަކަ، އަނެއްކާ ބައްޕަ ރިޓަޔަރޑް ކުރައްވަނީތޯ؟” ދެއަތްދެއަތާ ހާކާލަމުން ހައިރާންވެފައި ހުރެ ޝަދަފު ބުންޏެވެ.

“ދަރިފުޅު ބައްޕަކަށްވުމީ، މިއަދު ބައްޕަ މިހިރަ މަޤާމަށް ދަރިފުޅު ވެސް އައުމެއް ނޫންތަ، މިހާރު ބައްޕަ ދަރިފުޅަށް ނަސޭހަތްދީ ރަނގަޅުގޮތް ވިސްނައިދޭން މަސައްކަތްކުރާއިރު، މިގޮތަށް ހަމަ ޝަދަފަށް ލިބޭ ދަރިއަކަށް ވެސް ޝަދަފު ނަސޭހަތްދީ ރަނގަޅު މަގަށް އެޅުވޭތޯ މަސައްކަތްކުރާނެކަން ބައްޕައަށް އެނގޭ” ތަރަފްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

“ބައްޕައަކަށް…. ރީޝް… ރީޝް ޕްރެގްނެންޓްވީތޯ” ތަރަފްގާތު އަހަން ޖެހިލުންވެފައި ހުރެ ވެސް ޝަދަފު އަހާލީ ޔަޤީންކުރަން ބޭނުންވެގެންނެވެ.

“އާން! ރީޝް އެއިނީ ދަރިފުޅުގެ ދަރިއަކަށް ބަލިވެ، އެވަރުން ހަވީރު ގުޅީ ރީޝް އަނބުރައިގަނެގެން، އޭގެ އިތުރުން ޝީޒް ބްލީޑިންގް، ޑޮކްޓަރު ވިދާޅުވީ އެއްގޮތަކަށް ވެސް ތެދުވެ ނޫޅުމަށް، އެއްކޮށް ބެޑްރެސްޓު ނެގުމަށް، އެހެންނޫނީ ދެރަގޮތެއް މެދުވެރިވެދާނޭކަމަށް، ކޮންމެ ދުވަހަކު ޓެސްޓެއް ވެސް ހަދަން އެބަޖެހޭ، ބައްޕައަށް ފެންނަނީ ރީޝް ގޮވައިގެން ފުރަން، މަންމަ ބުނި ދަރިފުޅުމެން ޔޫޝައު ގާތަށް ދާންއުޅޭ ވާހަކަ، އެހެންވީމަ ފުރުން އަވަސްކުރަންވީނު” ތަރަފް މިހެން ބުނުމާއެކު ޝަދަފަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އިސްޖަހާލިގޮތަކަށް އޭނާއަށް ތަރަފް ކުރިމަތީ އިސްއުފުލާވެސް ނުލެވުނެވެ. ތަރަފް، ޝަދަފުގެ ކޮނޑުގައި މަޑުމަޑުން ޖަހާލާފައި ކޮޓަރިއަށް ވަނުމަށް ބުންޏެވެ.

“ސޮރީ މަންމާ” ފެންކަޅިވެފައި ރީޝަމްއަށް ބަލަހައްޓައިގެން އިން އަސްމަހާނަށް ޝަދަފުގެ އަޑުއިވުމާއެކު ބަލާލިއެވެ. އަދި ދެލޯ ފޮހެލާފައި އައިސް ދަރިފުޅުގެ ގައިގާ ބައްދާލީއެވެ.

“ރީޝްއަށް މިވަގުތު ބޭނުންވަނީ ޝަދަފު، ހެޔޮނުވާނެ ދަރިފުޅާ، ރީޝްއާ ކުޑަހިނދުކޮޅަކަށް ވެސް ދުރަށް ނުދާތި، މީ ޝަދަފު ރީޝަމްދެކެ ވާލޯބި އެކުއްޖާއަށް އިޙުސާސްކޮށްދޭންވީ ވަގުތު، މަންމަ ބޭނުމެއްނޫން ރީޝްގެ ލޮލުން އެންމެ ކަރުނަތިއްކެއްވެސް ވެއްޓޭކަށް” އަސްމަހާނުގެ އަޑުވަނީ ކުރެހިފައެވެ. ޝަދަފު އޭނާގެ މަންމަގެ ގައިގާ ހިފަހައްޓާލަމުން ބޮލުގައި ފިރުމާލިއެވެ.

“މަންމާ، އަޅުގަނޑު ރީޝް ބަލާނަމޭ، އޭނާއާ ދުރަކަށް ނުދާނަން، މިހާރު މިއައީނު، ދެން އަޅުގަނޑު ހުންނާނި ރީޝްގެ ގާތުގައި، އަޅުގަނޑަށް ނޭނގި ރީޝްއަށް އެއްވެސް ކަމެއް ނުވާނެ، ޕްރޮމިސް މަންމާ” ޝަދަފު، އަސްމަހާނުގެ ހިތްހަމަޖައްސައިދެމުން ދިޔައިރު އެކަކަށްވެސް ނޭނގުނީ އޭނާގެ ހިތަށް ކުރަމުންދިޔަ އަސަރެވެ. އެހިތް ގޮވަނީ ރީޝަމްގެ ނަމެއްނޫނެވެ. އެހިތް ޝަދަފަށް ގޮވަމުން ދިޔައީ “ޢިޒްވާ” ހޯދުމަށެވެ. އަސްމަހާނު ދަރިފުޅާ ދުރަށް ޖެހިލާފައި ލޯބިން ޝަދަފުގެ މޫނުގައި ދެއަތުން ފިރުމާލިއެވެ. އަދި ކޮޓަރި ދޮރުމަތީ ހުރި ތަރަފް ދިއްކޮށްލި އަތުގައި ހިފައިގެން އެކޮޓަރިން އޭނާ ނުކުތެވެ.

ޝަދަފު އައިސް މަޑުމަޑުން ރީޝަމްގެ ގާތުގައި އިށީނެވެ. ރީޝަމްގެ މޫނަށް ބަލަހައްޓައިގެން އޭނާ އިނީ ރީޝަމް ލޯހުޅުވާލާނޭ އިރަކަށެވެ. އޭރު ރީޝަމްގެ ދެލޮލުން އޭނާ ރޮއެފައި ހުރިކަން ޝަދަފަށް ފާހަގަވިއެވެ. ނިދިފައި އޮތްއިރުވެސް މަޑުމަޑުން ގިސްލެވެއެވެ. ހަދާނޭގޮތެއް ނޭނގިފައި އިނދެވެސް ރީޝަމްގެ އަތްތިލާގައި ޝަދަފު ހިފާލިއެވެ. އަދި އޭނާގެ އަމިއްލަ ޟަމީރާ ސުވާލުކުރަން ފެށިއެވެ. މިއަދު އޭނާއަށް ދަރިއަކު ލިބެން އުޅޭކަމުގެ ޚަބަރުލިބުނެއްކަމަކު އުފާ ނުވަނީ ކީއްވެބާއެވެ. ގައިމު އޭނާގެ ކުރިމަތީ ޒައުލް އުޅުނުގޮތް އޭނާއަށް ފެނުނެވެ. އަދި އެއީ ޒައުލްގެ ދެވަނަ ދަރިފުޅެވެ. ޝަދަފަށް ދަރިއަކު ލިބެން މިއުޅެނީ އަލަށްކަމުގައި އޭނާ ދެކުނެވެ. ނަމަވެސް ބައްޕައަކަށްވާތީއޭ ކިޔާފަ އޭނާއަށް ވަކި ޚާއްޞަ އުފާވެރިކަމެއް ނުލިބުނެވެ. އެއަށްވުރެ އޭނާ ހުރީ މާލެ ދޫކޮށް ދާންޖެހޭތީ ކަންބޮޑުވެފައެވެ. ހަޔާތުގައި ވަންހަނާވެފައިވާ ޞޮފުހާތަކުގެ ހަޤީޤަތާ ހަމައަށް ވާޞިލުވެވެން އެހާ ގާތްވެފައިވަނިކޮށް މާލެ ދޫކޮށްދާކަށް އޭނާ ބޭނުމެއްނުވެއެވެ. އެހެންވިޔަސް ހުރެވޭކަށްވެސް ނެތެވެ. މިއަދު ރީޝަމް އެކަނި ދޫކޮށްލެވޭކަށްނެތެވެ. އޭނާ ރީޝަމްއާ ގާތްވިއިރު މިފަދަ ދުވަހެއް ފެނިދާނެކަން އޭރު ނުވިސްނީ ކީއްވެބާއޭ އަމިއްލަ ނަފްސާ ސުވާލުކުރިއެވެ. ދިރިއުޅުމާމެދު ވިސްނަން ބޭނުންނުވިޔަސް މިއަދު ޝަދަފަށް ވިސްނަން މަޖުބޫރުވެއްޖެއެވެ. ބޮޑުމަންޒަރުން ރީޝަމް އެއްފަރާތްކޮށްލެވޭކަށް ނެތެވެ. އެއަންހެންކުއްޖާއަކީ ޝަދަފުގެ ހަޤީޤަތެވެ. އޭނާގެ މިއަދެވެ.

މަޑުމަޑުން ލޯހުޅުވާލި ރީޝަމްއަށް ގާތުގައި އޮތް ޝަދަފު ފެނި ރޮވުނީއެވެ. އެއާއެކު ލޯމަރާލައިގެން އޮތް ޝަދަފުގެ ސަމާލުކަން ރީޝަމްއަށް ހުއްޓުނެވެ.

“ރީޝް ކީއްވެތިރޮނީ، މިހާރު އަހަރެން މިހިރީ އައިހެންނު، ދެން ނުދާނަމޭ ދުރަކަށް، ރީޝް އަރާމުކުރެވޭތޯ ބަލާ” ޝަދަފު ކުރުއަތްމައްޗަށް އޮވެ ރީޝަމްއާ ކުރިއަށްވުރެ ގާތްވެލާފައި ބުންޏެވެ. އެއާއެކު ރީޝަމް، ޝަދަފުގެ މޭގައި މޫނު ފޮރުވާލަމުން ގިސްލާފައި ރޯންފެށިއެވެ. ޝަދަފުގެ އަތުގެ ހިމާޔަތުގެތެރެއަށް ރީޝަމް ގެނެސްލުމުން އެޢަމަލުން އޭނާގެ ހިތަށް ފިނިކަން ލިބިގެންދިޔައެވެ. ހިތްފުރެންދެން އޭނާ ރުޔެވެ. އަދި މަޑުމަޑުން ދެލޯ ފޮހެލާފައި ޝަދަފުގެ މޭގައި ބޯއަޅައިލައިގެން އެތަށްއިރަކު އޮތެވެ.

“ރީޝް” މަޑުމަޑުން ޝަދަފު ގޮވާލިއެވެ.

“ހޫމް!…” ރީޝަމް އޮތްގޮތަކަށް އޮވެ ހޫންލައްވާލިއެވެ.

“ކޮންއިރަކު ޕްރެގްނެންޓްކަން އެނގުނީ” ޝަދަފު ވާހަކަދެއްކީ މަޑުމައިތިރި ރާގެއްގައެވެ. އޭނާއަށް ކުރެވޭ އިޙުސާސްތައް ސިއްރުކުރަމުންނެވެ.

“މިހާރު… މިހާރު ޓޫ މަންތްސްވަނީ” ރީޝަމް އެހެންބުނުމުން ޝަދަފު އިތުރަށް އެއްވެސް އެއްޗެއް ނުބުންޏެވެ. އެހެންވެ ރީޝަމްއަށް ހީވީ އެހާ ދުވަސްވަންދެން އޭނާ އެކަން ޝަދަފަށް ނާންގާ މަޑުކުރީތީ ޝަދަފު ހިތްހަމަނުޖެހުނީ ކަމަށެވެ. އެހެންވެ އެކަން ފޫބެއްދުމަށް އޭނާ ކޮންމެވެސް ވާހަކައެއް ދައްކަން ބޭނުންވިއެވެ.

“އަހަރެން ހުރީ ޑިފީ ގާތު ބުނަންވެގެން، އެކަމަކު ބުނީމަ ޑިފީ ރިއެކްޓު ކުރާނޭ ގޮތެއްނޭނގޭތީ އަހަރެން ސްކެއަރޑްވީ، ފަހަރެއްގައި ޑިފީ އަދި ބޭބީއެއް ހޯދަން ބޭނުންނުވެދާނެތީވެ، ދެމީހުންނަށް ހަމަޖެހިލައިގެން ވާހަކަދައްކާނޭ ވަގުތެއްވެސް ނުވެއެންނު، ޑިފީ އަބަދުހެން އުޅެނީ ބޭރުގައި، އެހެންވެ ޕްރެގްކަން ނުބުނެވުނީ” ރީޝަމް ވަރަށް ދެރަވެލާފައި ބުންޏެވެ. އޭނާ ޝަދަފަށް ހަޤީޤަތް ހާމަކުރާކަށް ބޭނުމެއްނޫނެވެ. އޭނާ ކުއްޖަކު ބޭނުންވެގެން ކުރިހާ މަސައްކަތް ޝަދަފަށް އެނގުން މުހިއްމުކަމުގައި އޭނާ ނުދެކެއެވެ.

“އަހަރުމެން ދެމީހުންނަކީ އިނދެގެން އުޅޭ ދެމީހުން، އެހެންވީމަ ކޮންމެވެސް ދުވަހަކުން ކުއްޖަކުވެސް ލިބޭނެތާ، އެވަރު އަހަންނަށް ވެސް އެނގޭ، ރީޝް ޕްރެގްވީތީ އަހަރެން ކީއްވެ އެކަމާ ހިތްހަމަނުޖެހެންވީ، ބޭބީވާނީ އަހަރުމެން ދެމީހުންގެ ކުއްޖަކަށްނު، އެކަމަކު ރީޝްގެ ހަށިގަނޑަށް މިބޭބީގެ ސަބަބުން ގެއްލުމެއްލިބޭކަށް އަހަރެން ބޭނުމެއްނޫން، އެހެންވާނަމަ އަހަރެން ބޭބީއެއް ބޭނުމެއްނޫން، އަހަރެން ބޭނުންވަނީ ރީޝް ވެސް ހެލްތީކޮށް ހުންނަން، ދެން ރެސްޓުކޮށްލާ، ބެޑްރެސްޓް ނަގަން ޖެހޭއިރު ހަށިގަނޑަށް ބުރަވެދާނޭފަދަ އެއްވެސް ކަމެއް ރީޝް ނުކުރާތި، ކޮންމެ ކަމެއްކުރަން ޖެހުނަސް އަހަރެން ގާތު ބުނޭ، އެކަމެއް އަހަރެން ކޮށްދޭނަން” ޝަދަފު، ރީޝަމްގެ ބޮލުގައި ބޮސްދީފައި ބާލީހުގައި ބާއްވާލިއެވެ. ޝަދަފުގެ އޯގާތެރިކަން ފެނި ރީޝަމްއަށް ހިނިތުންވެލެވުނެވެ. ލިބެން އުޅޭ ދަރިފުޅު އެދެމީހުންގެ ގުޅުން ރަނގަޅުކޮށްދޭނަކަމުގެ އިޝާރާތަކަށް އެވަރު ރީޝަމްއަށް ފުދެއެވެ. އެހެންވެ ކޮންމެ ހާލެއްގައި ނަމަވެސް އެދަރިފުޅު މިދުނިޔެއަށް އުފަންކުރަން ރީޝަމް ބޭނުމެވެ. އެދުވަހަކުން ޝަދަފުގެ ހިތް އޭނާއަށް މިލްކުވާނެކަން ޔަޤީނެވެ.

މަންމަންވެފައި ހުރި މީހަކު ފަދައިން ޝަދަފުގެ ގިނަވަގުތު އަނބިމީހާއާއެކު ހޭދަކުރަމުންދިޔައީ އެނޫންގޮތެއްނެތިގެން ހެންނެވެ. ރީޝަމްގެ މޫނުމަތިން ހިތްހަމަޖެހުމުގެ ހިނިތުންވުން ފެނުނެއްކަމަކު ޝަދަފަށް އަބަދުމެ ހުރެވެނީ ޚިޔާލަކަށް ގެއްލި މާޔޫސްވެފަ އެވެ. ރީޝަމް ސުވާލެއް ކޮށްފިނަމަ އަވަހަށް ބަލަނީ ދައްކަމުންދާ ވާހަކަ ކޮންމެވެސް އެހެން މިސްރާބަކަށް އަނބުރާލެވޭތޯ އެވެ. ހިތާ ސިކުނޑީގައި އުފެދިފައިވާ ހައިޖާނުގެ ހިލަމެއް އެހެން މީހަކަށް އެނގެން ޝަދަފު ބޭނުންނުވާ ކަހަލައެވެ.

“ހުރިހާ އެއްޗެއް އެޅުނީ ދޯ، ދެން ފޮށި ލައްޕަމާ، އެހެންނޫނަސް އެހާ ބައިވަރު އެއްޗެހި ގެންދާނެކަމެއް ނެތެންނު” ބޯކޮޅަށް ދެބާލީސްލައްވާލައިގެން ކުޑަކޮށް ތެދުވެލައިގެން އިން ރީޝަމް ބުންޏެވެ. އޭރު ޝަދަފު، ރީޝަމްގެ ފޮށި ތައްޔާރުކޮށްފައި ހިންދެމިލީއެވެ. ޢާއިލާ މީހުންނާއެކު މާލޭ ދޫކޮށް އަނެއްކާވެސް ޝަދަފަށް ފުރަން ޖެހުނީއެވެ. ހިތުގައި އޮތް އެއްޗެއް ހިތުގައި ފޮރުވައިގެން ހުރެ އެނޫންގޮތެއްނެތް ހާލުގަ އެވެ. ހޯދަމުންދިޔަ މަންޒިލާ ހަމައަށް ވާސީލުވާނެ ދުވަހެއްގެ އިންތިޒާރުގައި ކެތްތެރިކަން ކުޑަވެފައި ހުރެއެވެ. މިވަގުތު ފުރައިގެން ދިއުންނޫން ގޮތެއް ޝަދަފަށް ނެތްކަމުގައި ވިޔަސް އެނާ ހުރީ ރީޝަމްގެ ހާލު ރަނގަޅުވިހާ އަވަހަކަށް އެނބުރި މާލެ އަންނަގޮތަށެވެ. ނަމަވެސް ކުރިއަށް ކަންތައްތައް ވާނޭ ގޮތެއް ޝަދަފަކަށް ނޭނގެ އެވެ. އެހެންވެ ކިތަންމެ މޮޅު ރޭވުންތަކެއް ރޭވިއެއްކަމަކު ހިތްއެދޭގޮތަށް ކަންތައްތައް ފުރިހަމަވާނޭ ކަމުގެ އެއްވެސް ޔަޤީންކަމެއް ޝަދަފަކަށް ނެތެވެ. ހަމައެކަނި ކުރެވެނީ އުންމީދު ތަކެކެވެ. ދިގު އިންތިޒާރެކެވެ.

ކޮޓަރިތެރޭ ދެކޮޅަށް ހިނގާލި ނަވާލަށް ބޮލުގައި އަތްހާކާލެވުނެވެ. އޭނާއަށް ޝަދަފު ފެނުނީއްސުރެން ޝަދަފުގެ ޚަބަރެއް އޮޅުންފިލުވާލާ ހިތުން ކެތްތެރިކަން ކުޑަވަނީއެވެ. ފުރަތަމަ އޭނާގެ ހިތަށް އެރީ ސަމަރްއަށް ގުޅާށެވެ. އެކަމަކު ޝަދަފު މާލޭގައި އުޅޭކަން ސަމަރްއަށް ނޭނގި އޮވެއްޖެނަމަ އެޚަބަރަކީ ރަނގަޅު ޚަބަރަކަށް ނުވެދާނެއެވެ. ސަމަރްއަށް ޝަދަފު މާލޭގައި އުޅޭކަން އެނގިއްޖެނަމަ އެކަން ޢިޒްވާ ގާތު ބުނަން އޭނާ ލަހެއްފަހެއް ނުކުރާނެއެވެ. މިވަގުތު ޢިޒްވާ ގާތު ޝަދަފުގެ އެއްވެސް ވާހަކައެއްނުދެއްކުން އެއީ އެންމެ ބުއްދިވެރިގޮތް ނޫންކަމުގައި ނަވާލަށް ވިސްނުނެވެ. އެހެންވެ ބޭނުންނުވިނަމަވެސް އޭނާ ނިންމީ ޒައުލްއަށް ގުޅާށެވެ. ޝަދަފުގެ ކަންތައްތައް އެންމެ ރަނގަޅަށް އެނގޭނެ މީހަކަށްވާނީ ޒައުލެވެ.

“ހެލޯ، ޒައުލް… މީ ނަވާލު” އެޑްރެސްފޮތް އެއްއަތުން ހިފަހައްޓައިލައިގެން ހުރެ އަނެއްއަތުން ކަންފަތުގައި ފޯނު ޖައްސާލައިގެން ހުރި ނަވާލު ވާހަކަދެއްކިއެވެ.

“ޔެސް ނަވާލް، އެނގިއްޖެ ކާކުކަން، ކިހިނެއްތަ ނަވާ؟ އަހަންނަށް ގުޅާލަން ނުކެރިފައި މިހުންނަނީ، އެންމެން ވެސް އަހަރެންދެކެ ވަރަށް ބޮޑަށް ނުރުހިފައި ތިބީ، އެހެންވެ” ޒައުލް ބުންޏެވެ.

“އަހަރެން އޯކޭ، ޒައުލްއަށް ބްލޭމް ކުރާކަށްނޫން މިގުޅީ، ވީކަމެއް އެއޮތީވެފައި، އަހަންނަށް ޢިޒްވާއަކަށް އޭނާގެ ޝަދަފެއް ހޯދައެއްނުދެވުނު، އަނެއްކޮޅުން ޑިފީ އަހަރެންގެ މަތިން ހަނދާންނެތުނެއްކަމަކު އަހަރެން އޭނާ މަތިން ހަނދާނެއްނުނެތޭ، ޒައުލްއަށް ގުޅި އެންމެ ބޮޑު ބޭނުމަކީ ވެސް އެއީ، އަހަންނަށް އެނގޭ ޑިފީ މާލެ އައިސްގެން އުޅޭކަން، އޭނާގެ ހާލަކީ ކޮބައިކަން އެނގެންޏާ އަހަންނަށް ބުނެދީފާނަންތަ” ނަވާލު ހުރީ އެކުވެރިޔާއާ ބައްދަލުކުރަން ބޭނުންވެފައެވެ. ނަމަވެސް ފުރަތަމަކަމަކަށް އޭނާ އެނގެން ބޭނުންވީ އެންމެ ފަހުން އޭނާއާ ޝަދަފު ބައްދަލުވި އިރާ މިހާރާ އެއްވެސް އެދެވޭ ބަދަލެއް ޝަދަފަށް އައިތޯއެވެ. ހަނދާނުގެ ޒަރެއްގެ މިންވަރުން ވިޔަސް ޝަދަފުގެ ސިކުނޑި ނިދިން ހޭލައްވާލި ތޯއެވެ.

“ނަވާ، ފޯނުންދެއްކޭނެ ވާހަކައެއްނޫން އެއީ، އަހަންނާ ބައްދަލުކޮށްލަންވީނު، އޭރުން ހުރިހާ ވާހަކައެއް ކިޔައިދޭނަން، ކަންތައްތައް އޮތީ ވަރަށް ގޯސްވެފައި، މިވާހަތަކަށް އަހަރެން ދައްކާނެ އިތުރު މީހަކު ނެތް، ސަމަރް ވެސް މިހާރު އަހަންނާ ވާހަކައެއްނުދައްކާ، ޢިޒްވާގެ އެއްވެސް ޚަބަރެއްނުވޭ، އޭނާވީ ކޮންތާކު ކޮންހާލެއްގައި ކަމެއްވެސް ނޭނގޭ، ޔޫހާ ވެސް ހުރީ ވަރަށް ކަންބޮޑުވެފައި، އެކަމަކު އަހަރުމެންނަކަށް ނޭނގޭ އިތުރަށް ޢިޒްވާއަށް އެހީތެރިވުމަށްކޮށްދެވޭނެ އެއްވެސްކަމެއް” ފުންނޭވާއެއް ބޭރުކޮށްލުމާއެކު ޒައުލް ބުނެލިއެވެ.

“މިރޭ އިޝާ ނަމާދުގެ ފަހުން ކިހިނެއްވާނީ، އަދި އަހަރެން ހިތަށްއަރާ އެހެންކަމެއް ވެސް އެބައޮތް” ބައްދަލުވާނޭ ވަގުތު ކަނޑައެޅުމާއެކު ނަވާލުގެ ސިކުނޑީގައި އެނބުރިގަތް ޚިޔާލެއް ޒައުލްއަށް ޚިއްޞާކުރަން ބޭނުންވިއެވެ.

“ކޮންކަމެއް، އަވަހަށް ބުނޭ، އަހަރެން ވެސް މިހުންނަނީ ރަނގަޅު ޚިޔާލަކަށް ބޭނުންވެފައި” ޒައުލްގެ އަޑުން ވެސް އޭނާ ނަވާލުގެ ޚިޔާލުތަކަށް މަރުޙަބާކިޔާކަން ފާޅުވެގެންދިޔައެވެ.

“ހިތަށް އަރަނީ ޑިފީއަށް އަހަންނަކީ ކާކުކަން ނޭގުނަސް، ޒައުލްއަކީ ކާކުކަން އެނގޭނޫންހޭ، ވީއިރު ޒައުލް އާއި ޑިފީގެ ކޮފީއެއްގައި އަހަރެން ބައިވެރިވުން ކިހިނެއްވާނެތޯ، ބޭނުންވަނީ ޑިފީއަށް އަހަރެން ފެނުމުން އޭނާ ރިއެކްޓްކުރާގޮތް ބަލާލަން، ހިތަށް އަރަނީ ފަހަރެއްގައި އަހަރެން ފެނުމުން ވެސް އޭނާއަށް ބަދަލުތަކެއް އަތުވެދާނެއޭ” ނަވާލު އޭނާގެ ޚިޔާލު ޒައުލްއަށް ހުށަހެޅިއެވެ.

“ނަވާ، ތި ޚިޔާލާ އަހަރެން ދެކޮޅެއް ނަހަދާނަން، އެކަމަކު ތަންކޮޅެއް ލަސްވީ ގުޅުނުލެއް، ޑިފީ އުޅެނީ ފުރަންވެގެން، އޭނާއާ މިއަދު ދިމާވާނޭގޮތެއް ނުވާނެ އެގެއަށް ގޮސްގެން ނޫނީ، އަހަރެން ޑިފީގެ މައްސަލައިގައި އެގެއަށް ދިއުން ހުއްޓާލިގޮތަށް އަދިއެއް އެގެއަކަށް ނުވަންނަން، ވީއިރު ކިހިނެއް ނަވާ ގޮވައިގެން އެގެއަށް ދާނީ” އަހަރުތަކަކަށް ފަހު ނަވާލު އެދުނު ކަންތައް ނުކޮށްދެވޭތީ ޒައުލް މާޔޫސްވިއެވެ. ނަމަވެސް އެކަމުގައި އޭނާ ވެސް ވަކިކުރާނޭކަމެއްނެތެވެ. ޒައުލް، ޝަދަފުގެ އަލަތު ލޯބީގެ ވާހަކަ އޭނާގެ ގާތުގައި ނުދެއްކިނަމަވެސް ޔަޤީންވާ އެއްކަމެއް އެބައޮތެވެ. ޢިޒްވާއާ ޝަދަފު ވަކިދުވަހަކުން ފެށިގެން އެމޫނުމަތިން ފެންނަ ހިތްހަމަޖެހުމުގެ ކުލަވަރާ ތުންފަތަށް ވެރިވެފައި ހުންނަ ހިނިތުންވުން ގެއްލިއްޖެއެވެ. ޝަދަފުގެ ޠަބީޢާތް މުޅީން ބަދަލުވެއްޖެއެވެ. މިހާރު އޭނާއެކޭ އެހެން މީހެކޭ އެއްފަދައެވެ. ސުވާލު އުފެދެނީ އެކަމާއެވެ. ޝަދަފު، ރީޝަމްއާ ކައިވެނިކޮށް ކުއްޖަކު ހޯދިއިރު އޭނާގެ ފަރާތުން އެކަމުގެ ހިތްހަމަޖެހުމާ އުފާވެރިކަން ނުފެންނަންވީ ކީއްވެބާއެވެ. ހުސްވެސް ޖަވާބެއް ނެތް ސުވާލުތަކެކެވެ. ނަވާލުގެ ކޯލު ނިންމާލުމާއެކު ޒައުލް އޭނާގެ އަތުގައި އޮތް ފޯނުގެ އިސްކްރީނަށް އެތައްއިރަކު ބަލަހައްޓައިގެން ހުއްޓެވެ.

“ކިހިނެއްވެފައިތަ ތިހުންނަނީ، ތިހެން އުޅެންޏާ އަހަންނަށް ހީވަނީ އިޒޫ ދާންވީ ރަށަށްހެން، އޭރުން ގައިމު ތިބިރުގަންނަ ކަންތަކާ ކުރިމަތިލާކަށް ނުޖެހޭނެއެންނު” ސަމަރު ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. ނަމަވެސް އެއީ އޭނާ ޢިޒްވާއާމެދު ވިސްނާވިސްނާ ބޯހާސްވެފައި ހުރިވަރުން ވެގެންއުޅޭ ގޮތެކެވެ. ފަހަރެއްގައި ވެސް އޭނާގެ އެންމެ ގާތް އެކުވެރިޔާ މަތިން ފޫހިވެގެންނެއް ނޫނެވެ.

“ސަމަރް، އަހަރެން ވެސް ހަނދާންނެތޭނަމަ، ކީއްވެތަ ހަނދާންނައްތާލަން މައްސައްކަތްކުރާ ވަރަކަށް ހިތާ ސިކުނޑި އަބަދު އެކަމެއްގެ މަތިން ހަނދާންކޮށްދެނީ، މިހާރު އަހަރެންގެ ބައިވެރިއަކީ މިއިޙްސާސްކުރެވޭ އެކަނިވެރިކަން، އަހަންނަށް އެނގޭހާވެސް އެއްޗަކީ މި އެކަނިވެރިކަން ދެން ދުވަހަކުވެސް އަހަރެން ދޫކޮށެއްނުލާނެކަން، މިއަދު ދުނިޔޭން އަހަންނަށް ލިބުނީ ކޮންއުފަލެއް، ޢާއިލާއެއްނެތް، އުފާވެރި ދިރިއުޅުމަކީ އަހަންނާ ބައްދަލުވި ވަގުތީ މެހެމާނެއް، ލިއްބައިދިން އުފަލަށްވުރެ ދިންވޭން އިތުރުވެއްޖެ، މީތަ އަހަންނަށް ހުރި ގޮތަކީ، ނޫނީ މާފު ހައްޤުނުވާވަރުގެ ކުށެއް އަހަންނަށް ކުރެވުނީތަ، ނުބައި ފާފައަކަށް އަރައިގަނެވުނީތަ، ކޮންކަމެއްގެ ސަޒާތަ މިލިބެނީ، ނިމުމެނެތް ހިތްދަތިކަމެއް، ރޮއެ ރޮއެ ދެލޯ ވަރުބަލިވާއިރު ވެސް ކަރުނަ ހުސްނުވަނީ ކީއްވެތަ؟ އަހަންނަށް ހައްޤުނޫން އެއްޗަކަށް އަރައިގަނެވުނީ ކަންނޭނގެ، ޝަދަފަކީ އަހަރެންގެ ހައްޤެއްކަމަށް ޤަބޫލުކުރެވުނީ އަހަރެންގެ މޮޔަކަމުން….” ސަމަރް އައިސް ޢިޒްވާގެ ދެކޮނޑުގައި ހިފާ ތަޅުވައިގަތެވެ.

“ދެންހެޔޮ، ދެންހެޔޮ އިޒޫ، ތިހާލުގައި އުޅޭށޭ ކާކުތަ ބުނީ، ހަނދާންނެތޭނީ ހަނދާންނައްތާލަން މަސައްކަތްކުރީމަ، ޝަދަފް، ހަޤީޤަތަކީ އޭނާ ކަހަލަ މީހަކަށް ޢިޒްވާ ފަދަ އަންހެން ކުއްޖަކު ހައްޤުނުވަނީ، އިޒޫ، މިހިސާބުން އަދި ދިރިއުޅުން ދެކެ ފޫހިވެ ގޮތްހުސްވާ ހިސާބަކަށް ނުދެއެންނު، ނިކަން ބޭރަށް ނުކުމެލާ، މީހުންނާ ވާހަކަދައްކާލާ ހަދާބަލަ، އަހަރެން ކޮންމެ ރެއަކުހެން މިއަންނީ އިޒޫގެ ހާލު ބަލަން، ކީއްވާނީ އެއްފަހަރު ނަމަވެސް އަހަންނާއެކު ބޭރަށް ނުކުމެލަން” ސަމަރް މަޑުމަޑުން ޢިޒްވާގެ ކޮނޑުގައި ފިރުމާލަމުން އޯގާތެރި ރާގެއްގައި ބުންޏެވެ.

“އެދުވަހު ވެސް އެތަނަށް ދިޔައީ ސަމަރް އާދޭސްކުރާވަރުން، އެކަމަކު ކަންތައްވީގޮތް ނިކަން ދެކެބަލަ، އަހަރެންގެ ކުރިމައްޗަށް ޝަދަފު އައިސް ހުއްޓުނުއިރު އޭނާ އަހަންނާމެދު…. އަހަންނާމެދު ކަންތައްކުރީ ހިލޭ އަންހެނަކާމެދު ކަންތައްކުރާ އުސޫލުން، އަހަރެންގެ މަތިން ހަނދާންނައްތާލިޔަސް އޭނާ ކީއްވެ މިރާންގެ މަތިން ހަނދާންނައްތާލީ، އެއީ ޝަދަފުގެ ލޭ، އޭނާގެ ހަށިގަނޑުގެ އެއްބައި، އެކުއްޖާ ދެކިލަން އެންމެ ފަހަރަކު… ސަމަރް، ހަމަ އެންމެ ފަހަރަކު ވެސް އޭނާ ނައީ ކީއްވެ؟، އެދުވަހު…” ހަނދާންތައް ސިކުނޑީގެ ތެރެއަށް ބޮނޑިވެގަތުމާއެކު އެއްވެސް ހިފެހެއްޓުމެއްނެތި ޢިޒްވާއަށް ރޮވިއްޖެއެވެ. އަނގަމަތީ އަތްއަޅާލުމާއެކު ސަމަރްއަށް ފުރަގަސްދިން ޢިޒްވާގެ ހިތުގައި ޖެހުނީ ދަރިފުޅު މިރާންގެ ހާލު ހިތަށް ސިފަވެގެންދިއުމުންނެވެ.

“ތިހެން އެކަނިމާއެކަނި މިފަޅު އެޕާޓްމެންޓުގައި ރޯން އިޒޫ އިންނާނެކަމެއްނެތް، ހިނގާ އަހަންނާއެކު، މަންމަ ވެސް މިހާރު ބުނެފި އިޒޫ ނާންނަނީ ކީއްވެހޭ، މަންމަ ހީކުރަނީ އަހަރެން އިޒޫގެ ހާލު ނުބަލަނީ ކަމަށް، އިޒޫ، އެހަނދާންތައް އާލާކޮށް އިތުރަށް ރުއިން ހުއްޓާލާ، އިޒޫ ދެރަވެގެން ތިހެން އަބަދު ރޯތަން ދެކެން އަހަންނަށް ހާދަ އުނދަގުލޭ، އެންމެ ދެރަވަނީ ގާތްއެކުވެރިއެއްގެ ގޮތުން އަހަންނަށް ކޮށްދެވޭނެކަމެއް ނެތީމަ، އާދޭސްކޮށްފައި މިބުނަނީ، ދެން ނުރޮއެ ހުއްޓާލާ، ރީތިވެލައިގެން ހިނގާ އަހަންނާއެކު ގެއަށް ދަމާ، އޭރުން ސިކުނޑިއަށް ކުޑަނަމަވެސް ފިނިކަމެއް ލިބިދާނެ، މިރޭ އަހަރެން ނުދާނަން އިޒޫ ގޮވައިގެން ނޫނީ، އެޓްލީސްޓް ހަފްތާއެއްވަރު އަހަންނާއެކު ގޭގައި ހުރެލެވިދާނެ އެންނު” ސަމަރް އާދޭސްކުރާފަދަ ގޮތަކަށް ދެއަތްޖޯޑުކޮށްލައިގެން ހުރެ ވާހަކަދެއްކިއެވެ.

ސޯލްޓް ވޯޓަރގައި ހުރި މޭޒެއްގެ ދޮށުގައި ޒައުލް އާއި ނަވާލު ތިއްބެވެ. އެދެމެދަށްވަނީ ހިމޭންކަންވެރިވެފައެވެ. ޒައުލް ދެއްކި ވާހަކައިގެ ބާވަތުންނެވެ. ނަވާލުގެ މޫނުމަތިން ފެންނަމުންދިޔައީ އިންތިހާ ދަރަޖައިގެ މާޔޫސްކަމާ ފޫހިކަމެވެ. ރުޅި އަންނަން ބޭނންވި ނަމަވެސް އެކަން އޭނާއަކަށް ނުކުރެވުނެވެ. ރުޅި އަންނަންވީ ފަހެ ކާކުދެކެ ހެއްޔެވެ. އެންމެ ބޮޑަށް ހިތްހަމަނުޖެހިފައި އިނީ އެހެންވެއެވެ. އިނގިލި ދިއްކުރާނޭ މީހަކު ނެތެވެ. ތަޤްދީރު ކުޅެމުން މިދާ ކުޅިގަނޑުގެ ނިމުން އޮތްގޮތަކާމެދު ނަވާލު ވިސްނިއެވެ.

“އަޅާނުލާ ބަލަހައްޓައިގެން ހުރުމަކީ އަހަންނަށް ވާނޭކަމެއްނޫން، ޑިފީއަށް ހަޤީޤަތް އެނގެން އެބަޖެހޭ، އޭނާ އެކަން އޮޅުންފިލުވަން ނޫޅޭނަމަ އަހަރުމެން އެބަޖެހޭ އެކަން އޭނާއަށް އޮޅުން ފިލުވައިދޭން…” ދެބުމަކައިރިކޮށްލަމުން ތުންފިއްތާލި ނަވާލު ކުއްލިއަކަށް މޭޒުމަތީ މުއްކަވާލި އަތުން ޖަހާލާފައި ބުންޏެވެ.

“ނަވާ ބުނެބަލަ ދެން އަހަރުމެންނަށް ކުރެވޭނެކަމެއް، އަހަރެން ވެސް ހާދަ ވިސްނައިފީމޭ، އޭނާ އެއްގޮތަކަށް ވެސް ޕާސްޓުގެ ވާހަކައެއް ނުދައްކާ، އެކަމާ ގުޅުންހުރި އިޝާރާތެއް ވެސް އޭނާގެ ފަރާތުން ނުވޭ، އަހަރެންގެ ހިތެއް ނުބުނޭ ޑިފީ ޤަބޫލުކުރާނެއެކޭ އަހަރުމެން އެވާހަކަ ކިޔައިދީގެން” ޒައުލްގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ސީރިއަސްކަމެވެ.

“އެހެންވިޔަސް ހެވޭ” ނަވާލު ބޭނުންވަނީ ޝަދަފަށް ހަޤީޤަތް އަންގާށެވެ. އަދި އޭނާ ލައްވާ ވަކިގޮތެއް ނިންމާށެވެ.

ނަވާލު ކަންތައްކުރާނޭ ގޮތް އޭނާ ރާވާ ނިންމީ އަމިއްލަ ސިކުނޑީގެ ތެރޭގައެވެ. އިތުބާރުކުރަން ބޭނުންވިޔަސް ޒައުލްއަށް އިތުބާރުކުރުމަކީ ނަވާލަށް ކުރަން ފަސޭހަކަމެއް ނޫނެވެ. އެހެންނޫނަސް ނަވާލަކީ އެހާ ފަސޭހައިން މީހުންނަށް އިތުބާރުކޮށް އޭނާއާ ގާތްކޮށްގެން މީހުން ގެންގުޅޭ ޒުވާނެއް ނޫނެވެ. ޒައުލް ކަންތައްކުރީ ރަނގަޅަށް ކަމުގައި ބައެއްފަހަރު އޭނާއަށް ވެސް ޤަބޫލުކުރެވެ އެވެ. އެހެންނަމަވެސް ޢިޒްވާއާ މެދު ވިސްނާލާފައި އޭނާއަށް އެކަން ހަޖަމްކުރަން އުނދަގުލީއެވެ.

އަހަރުތަކަކަށްފަހު ޢާއިލާގެ މެންބަރުން ގާތުން ފެނުމުގެ ނަސީބު ލިބުނީމައި ޔޫޝައު ހުރީ ވަރަށް ހިތްހަމަޖެހިލާފައެވެ. އަދި އޭގެ އިތުރުން އޭނާ ހުރީ ޝަދަފަށް އައިސްފައި ހުރި ބަދަލުތައް ފެނި ހައިރާންވެފައެވެ. ރީޝަމްއަށް މަރުޙަބާ ކިޔުމާއެކު ގޭތެރޭގައި އެންމެން ހަމަޖެހިލުމަށް އުޅެން ފެށިއެވެ. އަސްމަހާނާއެކު އައި އަމޯރާ އަވަސްވެގަތީ ޢާއިލާއަށް ފިނި ބުއިމެއް ތައްޔާރުކޮށްދިނުމަށް ބަދިގެ ފަރާތަށް ދިއުމަށެވެ.

“މަންމާ، ކީއްވެތޯ އީޝް ދޮން މިކޮޅަށް ނައީ” ޔޫޝައު އައިސް ޝަދަފުގެ ގާތުގައި ސޯފާގައި ޖެހިގަންނަމުން ވާހަކަދެއްކިއެވެ. އެހިނދު ޝަދަފު، ޔޫޝައުގެ ކޮނޑުގައި އަޅާ ދުރަށްކޮށްޕާލީ އޭނާ އެހެންކަންތައްކުރީ ޝަދަފަށް ޖެއްސުންކޮށްލުމުގެ ގޮތުންކަން އެނގިގެނެވެ.

“އީޝާ ވީ ރިޒޯޓުގައި، ހީވަނީ އެއްއަތޮޅު އެއްކޮށް ބަލާލާފައި އަންނަންހެން އެދިޔައީ” އަސްމަހާނު ބުނެލިއެވެ.

“ޑިފީ ހާދަ ގަދައޭ ދޯ، އީޝް ދޮން އެންމެ ކުރިން މެރީ ކުރީ، އެކަމަކު ޑިފީއަށް ބޭބީއެއް ލިބެން އުޅެނީ… އެހެންވީމަ، އެހެންވީމަ އަޅުގަނޑު ވާނީ އަންކަލްއަކަށް ދޯ…ހެ ހެ ހެ” މިހެން ބުނެ ޔޫޝައު ހޭންފެށީ ޝަދަފާ ދިމާކޮށްލާފަދަ ގޮތަކަށެވެ. އެއާއެކު އަނެއްކާވެސް ޝަދަފު، ޔޫޝައުގެ ކޮނޑުގައި އަޅާކޮށްޕާލިއެވެ.

“ދަރިފުޅާ، ދާންވީނު ރީޝް ކޮޓަރިއަށް ގެންދަން، އެހާ ގިނައިރު އެގޮތަށް ކޮޅަށް އިންނާކަށް ނުވާނެ، މާދަމާ ޑޮކްޓަރަށް ދައްކަން ދާން އޮތީ ވެސް، ފަހަރެއް ހޮސްޕިޓަލުގައި ބާއްވަން ވެސް ޖެހިދާނެ، ތިރީގައި ހުރި މާސްޓަރ ބެޑްރޫމަށް ދަރިފުޅުމެން ދޭ، މަންމައަށް އޭގެ އަނެއްފަރާތުގައި ހުރި ކޮޓަރި ރަނގަޅުވާނެ، މަންމަ ވެސް މިވަގުތު ބޭނުންވަނީ ދަރިފުޅުމެން ކަމެއް ބޭނުންވިޔަސް ގޮވާލެވޭހާ ކައިރީގައި ހުންނަން، ދެން ދޭ އަވަހަށް، އަމޯރާ ލައްވާ ރަނގަޅު އެއްޗެއް ތައްޔާރުކޮށްލާފައި އިރުކޮޅަކުން ކޮޓަރިއަށް ފޮނުވާނަން” އަސްމަހާނު ބުންޏެވެ.

ރީޝަމްއަށް ޝަދަފުގެ ޢާއިލާގެ މީހުން އޭނާއާ ހެދި އުޅޭވަރު ފެނިފައި ހުންނަނީ ވަކިން ފޮނިވެފައެވެ. އޭނާ ދެކެމުން އައި ހުރިހާ ހުވަފެނެއް ހަޤީޤަތަކަށް ވަނީއެވެ.

“އާހް…” ދެފިޔަވަޅު ކުރިއަށް އަޅާލި ރީޝަމް ދަށްބަނޑުގައި އަތްޖައްސާލަމުން ކުޑަކޮށް ގުދުވެލީ ވޭނެއް އިޙުސާސް ކުރެވުމުން މީހަކު އުޅޭފަދަ ގޮތަކަށެވެ. ކުއްލިއަކަށް އެންމެންގެ ސަމާލުކަން އޭނާއަށް ލިބިގެން ދިޔައެވެ. އޭނާގެ ގާތުގައި ހުރި ޝަދަފު އަވަސް އަވަހަށް ރީޝަމް ގަޔާ ކައިރިކޮށްލުމާއެކު ވީގޮތެއް އޮޅުން ފިލުވަން އުޅުނީ ހާސްވެފައި ހުރެއެވެ. އަސްމަހާނު އެދިމާލަށް ދުވެފައި އައިނައި ގޮތް ވެސް ނޭނގެއެވެ. ފެނުނީ ކުއްލިއަކަށް އެދެމަފިރިން ގާތުގައި ހުއްޓައެވެ.

“ޑިފީ، މާގިނައިން ތެދުވެގެން އުޅެވުނީ ކަންނޭނގެ، ދެން ނުހިނގޭނެ” ރީޝަމް ވޭނުންފުރިގެންވީ ފަދަ ގޮތަކަށް ބުނެލިއެވެ. ހާސްވެފައި ހުރި ޝަދަފު އިތުރު އެއްވެސް އެއްޗެއް ނުބުނެ އޭނާގެ އަތްދަނޑިމައްޗަށް ރީޝަމް އުފުލާލިއެވެ. އަދި ކޮޓަރިއާ ދިމާލަށް އޭނާ ހިނގައިގައެވެ. އެވަގުތު ޝަދަފުގެ ކޮނޑުގައި ބޯއަޅާލައިގެން އޭނާގެ ކަނދުރާގައި އެއްއަތްއަޅުވާލި ރީޝަމްގެ ތުންފަތަށް ސިއްރުވެރި ހިނިތުންވުމެއް ވެރިވެފައި ހުއްޓެވެ. އެކަކަށް ވެސް ނޭނގޭ ހަޤީޤަތަކީ އެވަގުތު އޭނާ އެގޮތަށް ކަންތައްކުރީ ޝަދަފުގެ އަތުތެރޭ އެގޮތަށް އޮވެލުމުގެ ބޭނުމުގައި ކަމެވެ. ރީޝަމްގެ ބަނޑަށް ކުޑަކޮށް ވެސް ތަދެއްނުވެއެވެ. ނަމަވެސް އެންމެންގެ ސަމާލުކަން ހޯދުމަކީ ކިހާ ފަސޭހަކަމެއްކަން އޭނާއަށްވަނީ މިހާރު ދަސްވެފައެވެ. ޚާއްޞަކޮށް ޝަދަފުގެ ސަމާލުކަމެވެ.

މަޑުތަންމަތީގައި ރީޝަމް ބައްވާލިއިރު އެނދުގެ ވަށައިގެން ކަހަލަ ގޮތަކަށް ޢާއިލާގެ ދެންތިބި މެންބަރުން އެތުރިގެން ތިއްބެވެ. އެންމެންގެ މޫނުމަތިން ވެސް ފާޅުވަމުން ދިޔައީ އިންތިހާ ދަރައިގެ ކަންބޮޑުވުމެވެ. ލާނެތްކަމާ ސަކަ މިޒާޖުގެ ޔޫޝައު ވެސް ހުރީ ބަސްހުއްޓި ހާސްވެފައެވެ.

“މިހާރު ވެސް ހޮސްޕިޓަލަށް ދާންވީކަންނޭނގެ” ހާސްވެފައި ހުރެ އަސްމަހާނު ބުންޏެވެ.

“ނޫން މަންމާ، މާބޮޑަށް އަޅުގަނޑު ވަރުބަލި ވީ، އަރާމުކޮށްލަނިކޮށް ރަނގަޅުވެދާނެ، މާދަމާ ހެނދުނު ހެނދުނާ ޑޮކްޓަރަށް ދައްކަން ދަމެންނު، އެހެންވީމަ އިހަށް މަޑުކޮށްލާނީ، މާބޮޑަށް ތަދުވަންޏާ އަޅުގަނޑު ބުނާނަން” ރީޝަމް ވެސް އެކްޓުކުރުމުގައި ވަކި އަސްމަހާނަކަށް ދުލެއް ނުކުރެއެވެ. އެވެސް ބައެއްމީހުންނަށް ލިބިފައިވާ ހުނަރެއްވިއްޔާއެވެ. ލޮލާލޯ އަމާޒުކޮށްލައިގެން ހުރެ އެތަށް ދޮގެއް ހަދާލާއިރު އަނެކާއަށް ރެއަކާ ވެސް ނުލާނެއެވެ. އޮޅުވާލަން އެހާ ވެސް ކުޅަދާނަވާނެއެވެ. ކިތަންމެ ބޮޑު ދޮގެއް ހަދާލާކަށް ވެސް ފަހެއް ނުޖެހޭނެ އެވެ.

“ޑިފީ ކީއްވެތަ މިހާރު އެހާ ސައިލެންޓުކޮށް ހުންނަނީ، ބޭބީއެއް ލިބެން އުޅޭތީތަ، އަހަންނަށް ތަފާތު އިޙުސާސްތައް ކުރެވޭއިރު، ޑިފީއަށް މިކަމުގެ ސަބަބުން އިހުސާސްވާ އެއްވެސް ގޮތެއް ނުބުނަމެންނު… ޕްލީޒް، ތިވިސްނާކަމެއް އަހަންނާ ޝެއަރކޮށްބަލަ” ކޮޓަރިތެރެއިން ޝަދަފު ނޫން އެންމެން ނުކުމެ ހަމަހިމޭންވުމުން ރީޝަމް ވާހަކަދެއްކިއެވެ.

“އަހަރެން ބުނަންވީ ކީކޭތަ، ރީޝަމްގެ ގައިގާ އިނގިލިކުރި ވެސް ޖައްސާނުލާ ހުރިނަމަތާ ބޭބީއެއް ލިބެން އުޅޭ ޚަބަރު ދިނުމުން އަހަރެން ކަންބޮޑުވާނީ، އެކަމަކު އެޔެއް ނޫންނެންނު އަހަރުމެން ދެމީހުންގެ ކޭސްއަކީ، ނޫނީ ރީޝަމް އަހަންނަށް ބުނެދީބަލަ އަހަންނަށް ފީލްވާންވީ ކިހިނެއްކަން” ރީޝަމްގެ ގާތުގައި އެނދުގައި އިށީނދެލައިގެން ޝަދަފު އިންއިރު އޭނާ އިނީ އިސްއޮބާލައިގެން ދެކަކުލުގައި އުޅަންބޮށި ޖައްސާލައިގެންނެވެ. ހީވަނީ އެމޫނުމައްޗަށް އަރާ ފައިބަމުންދާ ކުލަވަރު ރީޝަމްއަށް ފެނިދާނޭތީ އިންހެންނެވެ.

“އަހަންނަކަށް ނޭނގޭނެއެންނު ޑިފީ ހިތަށް އަރާ އެއްޗެއް ބުނެދޭކަށް، އައި އެމް ނޮޓް އަ މައިންޑް ރީޑަރ، ޑިފީ އުފާވޭތަ އަހަރުމެންނަށް ބޭބީއެއް ލިބެން އުޅޭތީ” ރީޝަމް މިހެން އަހާލުމުން އެސުވާލު ޝަދަފަށް ތަކުރާރުކޮށްލެވުނީ އަމިއްލަ ޟަމީރާއެވެ. އޭނާ ހަޤީޤަތުގައި ދަރިއަކު ލިބެން އުޅޭތީ އުފާވޭ ހެއްޔެވެ. އޭނަގެ ހިތަކީ އެއްވެސްކަމެއް އިހުސާސް ނުކުރެވޭ ހިލަގަނޑަކަށް ވީހެއްޔެވެ. ގައިމު ދަރިއަކު ލިބެން އުޅޭތީ އެއްވެސް އެއްޗެއް ހިތަށް ނާރާނީ އެހެންވެ ނޫންހެއްޔެވެ. ރީޝަމް ނިކަން ލޯބިން ޝަދަފަށް ގޮވާލީ، އަނގައިން ނުބުނެ ޝަދަފު އިންނަން ފެށުމުންނެވެ. އެއާއެކު ރީޝަމްއަށް ބަލާލި ޝަދަފު ލުއި ހިނިތުންވުމެއް ބަދަލުކޮށްލަމުން ރީޝަމްގެ ކޯތާފަތުގައި ފިރުމާލިއެވެ. އަދި ހަމައެއަތުން ރީޝަމްގެ ބަނޑުގައި ވެސް މަޑުމަޑުން ފިރުމާލިއެވެ. ދުލުން ލަފުޒުތަކެއް ބޭރުނުކުރި ކަމުގައި ވިޔަސް ޝަދަފުގެ އެޢަމަލުން ރީޝަމްއަށް ޖަވާބު ލިބިގެން ދިޔަ ކަހަލައެވެ. ޝަދަފު ބޭނުންވީ ވެސް އެގޮތެވެ.

އެނދުގައި އަރިއަކަށް އޮށޯވެލައިގެން އޮތް ސަމަރް ސިއްރުން ކަހަލަ ގޮތަކަށް ބިއްދޮށަށް އެނބުރިއޮތް ޢިޒްވާއަށް ބަލާލިއެވެ. އޭރު ސަމަރުގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ.

“އިޒޫ ނިދީކަންނޭނގެ، ނަސީބެއް އިޒޫ މިގެއަށް ގެނެވުނުކަން، އެހެންނޫނީ އެކުއްޖާ އެކަނިހުރެ މޮޔަވެދާނެ، އެކަމަކު އަހަރެން ބޭނުންހާ ދުވަހެއް ވާންދެން އިޒޫ މިގޭގައި ބަހައްޓާނީ ކިހިނެއް، ހުރިހާ ވެސް ކަމަކީ ޝަދަފުގެ ކަންތައް، އަހަރެން… އަހަރެން ވެސް ކަންތައްކުރީ ކިހިނެއް، އެދުވަހު ޒައުލްގެ އެނިންމުމުގައި އަހަރެން ވެސް ބައިވެރިވިކަން އިޒޫއަށް އެނގިއްޖެނަމަ އަހަރުމެން ދެމީހުންގެ ގުޅުން ވެސް ނިމުމަކަށް އަންނާނެ ކަން ޔަޤީން، ޝަދަފު މިހާރު އިޒޫ ހޯދަން އެމަސައްކަތްކުރަނީ ކީއްކުރަންބާ؟ އަނެއްކާ ޝަދަފު ގާތު އިޒޫގެ ވާހަކަ ނުބުނުމަކީ އަހަންނަށް ކުރެވުނު މޮޔަކަމެއްތަ، އޭނާ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މިގޭ ދޮށަށް އާދޭ، އިޒޫ މިގޭ ދޮށުން ފެނިޖެއްޔާ ދެން ވާނީ ކިހިނެއް، އޯ މައި ގޯޑް، އަހަރެން ދެން ހަދާނީ ކިހިނެއް، އިޒޫ ގާތު ބުނަންވީބާ ޝަދަފު އޭނާ ހޯދާ ވާހަކަ، އެކަމަކު… އެކަމަކު މިހާރު އިޒޫ ބޭނުމެއްނުވާހެން ހީވަނީ ޝަދަފާ މީޓުކުރަން، ގެއިން ނުނިކުންނަން ވެސް އެއިންނަނީ އެހެންވެގެން، ޝަދަފު މާލޭގައި އުޅޭކަން އެނގޭތީވެ، އިޒޫއަށް ލިބެމުން އެދަނީ އެކުއްޖާއަށް އެއްވެސް ގޮތަކުން ހައްޤު ނޫން އަނިޔާތަކެއް، ޝަދަފުގެ ހަނދާންތައް ދުވަހަކު ވެސް އެނބުރި އަންނާނެބާ، ނޫނީ ދެން އަބަދުގެ އަބަދަށް އިޒޫއަށް ޝަދަފު ގެއްލުނީބާ، އެހެން ވިސްނަން ވެދާނެބާ؟ ހަޤީޤީ ދިރިއުޅުން މިވަނީ ނުބައި ސަމާސާއަކަށް ވެފައި، އިޒޫގެ ހިތުގައި ޝަދަފާމެދު އޮތީ ކީކޭކަމެއް ވެސް ނޭނގޭ، އޭނާ އަބަދު ޝަކުވާއެކުރަނީ މިހުރިހާކަމެއް އޭނާއަށް ދިމާވާންޖެހުނު ސަބަބަކާ މެދު، އަހަރެން ވަރަށް ބޭނުން އިޒޫއާ ޝަދަފު ލޯބިން އެކުގައި ދިރިއުޅޭ ދުވަހެއް އަދިވެސް ދެކެން…. ހުރިހާ ކަމަކަށް ކުޅަދުންވަންތަ އިލާހަށް އެކަމަށް އެދި ދުޢާކުރުން ފިޔަވާ މިއަދު އަހަންނަށް އެ އެކުވެރިޔާއަށް ކޮށްދެވޭނެ މަދަދެއްނެތް، ނޫނީ ޢިޒްވާއަށް ބައިވެރިއަކު ހޯދަދޭންވީ ކަންނޭނގެ، އޭރުން ކަންނޭނގެ މިކަމަށް ނިމުމެއް އަންނާނީ” ފެންކަޅިވެފައި އޮތް ސަމަރުގެ ސިކުނޑި މަސައްކަތްކުރަމުން ދިޔައެވެ. ފިކުރުބޮޑުވެ ސުވާލުތަކަށް ޖަވާބުނުލިބުމުގެ ސަބަބުން ދެލޮލުން ނިދިވަނީ ފިލާފައެވެ.

އަސްމަހާނަށް ހީވީ ހަމަ ރަނގަޅަށެވެ. ރީޝަމް ގޮވައިގެން ހޮސްޕިޓަލަށް ދިއުމުން ޑޮކްޓަރު ބޭނުންވީ އެތަނުގައި ރީޝަމް ބާއްވައިގެން އޭނާގެ ތަހުލީލުތައް ކުރުމަށެވެ. ރަނގަޅު ފަރުވާއެއް ދެވޭނީ އޭރުން ކަމަށް ޑޮކްޓަރު އިރުޝާދުދެއްވިއެވެ. ހުރިހާ ނިންމުންތަކެއް ނިންމީ އަސްމަހާނެވެ. ޝަދަފަށް ހަމައެކަނި ޖެހުނީ ހޮސްޕިޓަލުގެ ބައެއް ލިޔުންތަކުގައި އޭނާގެ ސޮއެ ޖަހާލާށެވެ. އެއީ އެވަގުތު އޭނާއަކީ ރީޝަމްގެ ފިރިމީހާއަށް ވީތީ ކުރަން ޖެހިފައިވާ ކަމެއްގެ ގޮތުންނެވެ. އެއްވެސް ކަމަކާ ޝަކުވާކުރުމެއްނެތި ޝަދަފު ބަސްމަދުވެފައި ހުންނަކަން އަސްމަހާނަށް ވެސް ފާހަގަކުރެވުނެވެ. އެހެންވެ ހޮސްޕިޓަލުގައި ރީޝަމް އެޑްމިޓް ކުރުމުގެ ކަންތައްތައް ނިމި ހަމަޖެހިލެވުމުން ޔޫޝައު އާއި އަމޯރާ އެތަނުގައި ރީޝަމްގެ ގާތު ބަހައްޓާފައި ޝަދަފު ގޮވައިގެން އަސްމަހާނު ހިނގައިގަތީ ހޮސްޕިޓަލުގެ ކެފޭއާ ދިމާލަށެވެ.

“ދަރިފުޅު މަންމައަށް ކަމެއް ސިއްރުކުރަނީތަ؟” މީހުން މަދު ހިސާބެއްގައި ހުރި މޭޒެއްގެ ދޮށުގައި ކޮފީތައްޓެއް ހިފައިގެން އައިސް އިށީން އަސްމަހާނު އަހާލިއެވެ.

“ސިއްރުކުރާވަރުގެ ކަމެއް އަޅުގަނޑެއް ނުކުރަން، އެންމެންވެސް ތިބީ ރީޝްއާމެދު ކަންބޮޑުވެފައި” ޝަދަފު އޮޅުވާލަން މަސައްކަތް ކުރިއެވެ.

“އިރާދަކުރެއްވިއްޔާ ދެރަގޮތެއްނުވާނެ، ޑޮކްޓަރުގެ ވާހަކަތައް ހުރީ ވަރަށް އުންމީދުން ފުރިގެންވީ ގޮތަކަށް، ހީވަނީ ބޭބީއާ ރީޝްގެ ހާލުވެސް ދެން ދުވަހެއްދުވަހަކަށް ރަނގަޅުވަމުންހެންދާނީ، އެކަމަކު މަންމައަށް ހާދަ ހީނުވެޔޭ އެއީހެން ހަމައެކަނި ދަރިފުޅު ވިސްނާކަމަކީ” އަސްމަހާނު ސައިތަށި ގިރާލުމާއެކު ރަހަބަލާލިއެވެ.

“ބޭބީ ލިބުނީމަ އަޅުގަނޑުމެން ދެމީހުންގެ ދިރިއުޅުމަށް ބޮޑުބަދަލުތަކެއް އަންނާނެކަން އެނގޭ، އެބަ ވިސްނަން ބައްޕައާއެކު އޮފީހަށް ނުކުންނަން، ރީޝް ގަދަވީމާ މާލެ ގޮސް އެކަން ހަމަޖައްސާނީއޭ ހިތަށްއަރަނީ، އެކަމަކު އެއަށްވުރެކުރިން ބައްޕަ ގާތު އެވާހަކަ ބުނަން ނިންމައިގެން ހުރީ، އޭރުންތާ އަޅުގަނޑަށް ވަކިން ކެބިންނެއް ހުންނާނީ” ލުއި ހިނިތުންވުމަކާއެކު ޝަދަފު ދެން ވެސް ހެދީ ދޮގެކެވެ. ލިބެން އުޅޭ ދަރިފުޅާ ރީޝަމްއާއެކު ވަގުތު ހޭދަކުރަން އޭނާ ބޭނުންނުވަނީ އެވެ. ތަރަފްއާއެކު އޮފީހަށް ދިއުން އެއީ އެކަމަށް ޝަދަފު ދެއްކި ބަހަނާއެވެ.

“ހަމަތެދެއްތަ، މަންމައަށް އޭރުވެސް އެނގުނޭ ޝަދަފަށް ދަރިއަކު ލިބޭ ދުވަހަކުން ތިހުންނަ ދޯދިއާގޮތްގަނޑު ކެނޑި ހަރުދަނާ ކުއްޖަކަށްވާނެއޭ، މަންމަ ވަރަށް އުފާވެއްޖެ، ދަރިފުޅަށްވުރެ ކުރިން ތިޚަބަރު ބައްޕައަށް ދޭން މަންމަ ބޭނުން” އަސްމަހާނުގެ ހުރިހާ ދަތްތައް ފެންނަވަރަށް ހިނިތުންވެލިއެވެ.

ދެމައިންގެ ވާހަކަ މާދިގެއް ނުކުރެވުނެވެ. ރީޝަމްގެ ކޯލެއް ޝަދަފުގެ ފޯނަށް އައުމުން ކެފޭއިން ނުކުމެގެން އެނބުރި ރީޝަމް އޮތް ކޮޓަރިއަށް ޝަދަފާއި އަސްމަހާނު އައިސް ވަނެވެ. އެއާއެކު އެމީހުންނަށް ލިބުނު ޚަބަރަކީ ޒަބާ އެމީހުންގެ ގާތަށް އަންނަން ފުރައިފި ކަމެވެ. އެރޭގެ ވަގުތެއްގައި އެމީހުންނާ ބައްދަލުވާނޭ ކަމެވެ.

އޮފީހުގެ އިތުރުން ސަމަރް ކުރާ ދެވަނަ މަސައްކަތަކީ އޯޓިޒަމް ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ހަރަކާތްތަކުގައި ބައިވެރިވުމެވެ. އޭނާއަށް ޢިޒްވާ އެހީވިޔަސް އެއްވެސް ހަރަކާތެއްގައި ޢިޒްވާ ބައިވެރިވާން އުޒުރުވެރިވިއެވެ. މަދުމަދުން މީހުންގެ އެއްޗެހި ފަހަމުން އައި ޢިޒްވާއަކީ މިހާރު މީހުންގެ ތެރޭ މަޤުބޫލުކަން ލިބިފައިވާ ފެހުންތެރިއެކެވެ. ޚާއްޞަ މުނާސަބަތުތަކަށް ހެދުން ފަރުމާކޮށް ފަހައިދެއެވެ. ދާއިރާއާ ބެހޭގޮތުން ޢިލްމެއް އުނގެނިފައި ނެތަސް އެނގި ދަސްވި އެއްޗެއް ދަސްވީ ލިބުނު ތަޖުރިބާގެ އަލީގައެވެ. އަމިއްލައަށް ކަންކަން ދަސްކުރަން ކުރި މަސައްކަތުންނެވެ. ސަމަރްގެ ގޭގައި ޢިޒްވާ އާއި ސަމަރް ވެގެން ކައިވެނި ހެދުމެއް ނިންމުގެ މަސައްކަތުގައި ބުރަކޮށް އުޅެއެވެ. އޭރު ސަމަރްގެ މަންމަ އެކުދިންގެ މަސައްކަތަށް ތަޢުރީފުކޮށް ހިތްވަރުދޭން ފެންނަ ހިސާބުގައި އިނެވެ. އަދި އެކުދިންގެ މަސައްކަތަށް ޚިޔާލު ދެމުންދިޔައެވެ.

“މަންމައަށް ފެންނަނީ އިޒޫ ފަހާ ތަނެއް ހުޅުވަން، އޭރުން އިޒޫގެ ހެދުންތައް މީހުންނަށް ފެންނާނެ އެންނު” ޢިޒްވާގެ މަސައްކަތާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފައި އިން ޚާލިދާ ބުންޏެވެ.

“މަންމާ، ތިވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނީ” ސަމަރު ބުންޏެވެ.

“އެޔޯ…” ހައިރާންވި ޚާލިދާއަށް ބުނެވުނެވެ.

“މީހަކަށް އިޒޫއަކީ ފަހާ މީހެއްކަން އެނގިދާނެތީ އުޅޭހެން އޭނާ އުޅެނީ، އަޅުގަނޑު ބުނެފިން ހިނގާށޭ ފޭސްބުކްގަ އިޒޫގެ ޕޭޖެއް ހުޅުވަމާ، މަންމައަށް އެނގޭތަ، ބައިވަރު މީހުން އެބައުޅޭ އެގޮތަށް އެމީހުން ކުރާ އެކިއެކި ވިޔަފާރިތަށް އިސްތިހާރުކޮށްގެން، އިޒޫ ވެސް އެކަހަލަ ކަމެއްކުރީމަ އަދި މިހާރަށްވުރެ ގިނަ މީހުން އިޒޫގެ ގާތަށް ފަހަން އަންނާނެ އެންނު، ނޫންތަ މަންމާ، އެކަމަކު މިއިޒޫ ގަނޑަކަށް ނުވިސްނޭނެ” ސަމަރު މިހެންބުނެ ޢިޒްވާގެ ކޮނޑުގައި އަތްއަޅާ މަޑުމަޑުން ކޮށްޕާލިއެވެ.

“ދައްތާ، އަޅުގަނޑަށް މިވަރުން ފުދޭ، އަދި ނުވިސްނަން އެހާ ފުޅާކޮށް މިކަން ކުރާކަށް، އަނެއްކާ ގިނަބަޔަކު ފަހަން އައުމުން އެކަން ނުކޮށްދެވޭނެއޭ ބުނީމަ އެމީހުން ދާނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިގެން، މިހާރު ލިބޭ ފުރުޞަތުތަކުގައި ހިފަނީ އެކަން އަޅުގަނޑު ބޭނުންވާގޮތަށް ނިންމަން ބުނާ ދުވަހަށް ނިންމާލެވޭނެ ކަމުގެ ޔަޤީންކަން އޮންނާތީ، އަނެއްކާ އެހާ ބައިވެރި ފައިސާއެއް މިހާރު އަޅުގަނޑު ބޭނުމެއްނުވޭ، މިހާރު ލިބޭ ވަރުން ވެސް ޚަރަދުތައް ބަލަހައްޓާފައި ފައިސާ ބާކީއެބަކުރެވޭ، ގިނައިން ފައިސާ ލިބުމަކީ މީހާ އެއަށް ދަހިވެތިވާކަމެއް، އެއްވެސް އިރެއްގައި އަޅުގަނޑުގެ ވިސްނުންހުރީ މުއްސަންޖަކަށްވާކަށްނޫން” ޢިޒްވާ އޭނާ ކުރަމުންދިޔަ މަސައްކަތް ހުއްޓާލުމެއްނެތި ޚާލިދާ އާއި ސަމަރްއަށް ޖަވާބު ދިނެވެ.

ހަޔާތުން ދުވަހެއް ނިމިގެންދާއިރު ހުސްވަގުތުތައް ފިކުރުކުރުމުގައި ނަގާލުމަށްވުރެ ޢިޒްވާ ބޭނުންވީ ކޮންމެވެސް މަސައްކަތެއްގައި މަސްއޫލުވެ އުޅޭށެވެ. ނަމަވެސް ހިތާ ސިކުނޑީގައި ބިންވަޅުނެގިފައިވި ހިތި މާޒީ އޭނާ ހިނދުކޮޅަކަށް އެކަނިވެލިޔަސް ދެލޮލުން ކަރުނަ ހިލުވާލައެވެ. ނުހިކޭ ފާރުގަނޑަކުން ދިލަނަގާ ފަދައިން އެހިތް ވޭނުން ފުރިދެއެވެ. އެފަދަ ކޮންމެވަގުތެއްގައި އޭނާގެ ދުލުގެ ބަދަލުގައި ބަސްމޮށުންތެރިކަން ލިބިފައިވަނީ ދެލޮލުން ހިފެހެއްޓުމެއްނެތި ފައިބައިގަންނަ ކަރުނައަށެވެ. ހިނިތުންވެލަނީ މަދުފަހަރަކު ގަދަކަމުންނެވެ. އެހެންމީހުންގެ ހިތްހަމަޖެހުމަށްޓަކައެވެ.

“އިޒޫ، އަހަރެން ވާހަކައެއްބުނިއްޔާ ރުޅި އަންނާނަންތަ” ރޯދައަށް ގޭތެރެ ސާފުކުރަމުން ދިޔަ ޢިޒްވާއަށް އެހީތެރިވާން އުޅުނު ސަމަރް ބުންޏެވެ.

“ކިހިނެއްވީ މިފަހަރު ތިއެހީ، އެހެންޏާ ސަމަރްގެ ހިތަށް އެއްޗެއް އަރައިފިއްޔާ އެކަމެއް އޮންނާނީ ދުލުކުރީގައި، ބުނާއިރު ވިސްނައެއްނުލާނެ” ޢިޒްވާއަށް އެނޭގާ އެކުވެރިޔާ ވަރަށް ރަނގަޅަށް އެނގެއެވެ.

“އަހަރެން ވެސް އަބަދު އެއްގޮތަކަށް ނުހުންނާނެ އެންނު، އެހެންނޫނަސް އަހަންނަށް އެގޮތަށްވަނީ އިޒޫ ގާތު ކޮންމެ ވާހަކައެއް ދައްކަންވިޔަސް އަހަރެން ކުޑަކޮށް ވެސް ޖެހިލުންނުވާތީ، ޔޫ އަރ މައި ބެސްޓް ފްރެންޑް…” ސަމަރް ސޯފާގެ އަތްގަނޑުގައި އިށީންނަމުން ބުނެލިއެވެ.

“ދެން ތިހުރިހާ އެއްޗެކޭ ނުކިޔާ ބުނަންއުޅޭ އެއްޗެއް ބުނެބަލަ” ޢިޒްވާ ހީނލާފައި ބުންޏެވެ.

“އިޒޫ އަލުން އެހެން މީހަކާ ގުޅޭކަށް ނުވިސްނަންތަ” ސަމަރް މިހެން ބުނެލުމާއެކު ތިރީތުންފަތުގައި ދައިގަތީ އޭނާއަށް ބުނެވުނީ ރަނގަޅު އެއްޗެއް ނޫންހެން ހީވާތީއެވެ.

“އަހަންނަށް އިތުރު ބައިވެރިއަކު ބޭނުމެއްނުވޭ، ސަމަރް ތިވާހަކަދައްކާއިރު ކީއްވެތަ ތިހެން ހުސްހަށިބަޔަށް ތިހުންނަނީ، ކީއްވެތަ ރައިން އިންނަން ބޭނުންވާއިރުވެސް އެކަމަށް އެއްބަސްނުވެ ތިހުންނަނީ، އަހަރެންގެ ދިރުއުޅުން އާރާސްތުކުރަން ސަމަރް ވިސްނާއިރު، އަހަރެން ސަމަރްއާމެދު ވިސްނައިގެން ނުވޭތަ، ސަމަރްގެ މަންމަ ވެސް އެހުންނަނީ އެކަމާ ކަންތައްބޮޑުވެފައި، ސަމަރް މީހަކާ އިންނަން ނޫޅޭތީ، އުމުރުން މައްޗަށް ދާތީ” އިރުކޮޅަކަށް ޢިޒްވާގެ ހަރަކާތްތައް ހުއްޓުމަކަށް އައިނަމަވެސް ބޭރުކޮށްލި ފުންނޭވާއާއެކު އޭނާ ވާހަކަދައްކަން ފެށިއެވެ.

“ކައިވެންޏަށްފަހު ރައިން އަހަރެން ދޫކޮށްލާފަ ގޮސްފިއްޔާ އަހަރެން މަރުވެދާނެ، ކިތަންމެ އަނގަގަދަޔަސް އަހަންނަކީ އިޒޫހާ ހިތްވަރުގަދަ މީހެއްނޫން، ވަރަށް ހިތްބަލިވާނެ، މިހާރު ރައްޓެހިވެގެން އުޅޭއިރު އެހާ ކްލޯސްއެއްނުވާނެ، އެހެންވީމަ ދުރުވިޔަސް އެހާ ދެރައެއްނުވާނެ އެންނު” ސަމަރް ވަރަށް ހަމަޖެހިލާފައި ބުނެލިއެވެ.

“އެންމެންގެ ދިރިއުޅުން އަހަރެންގެ ދިރިއުޅުން ހެންނެއްނުވާނެ އެންނު، އަހަންނަށް ފެންނަގޮތުގައި ރައިންނަކީ ވަރަށް ރަނގަޅު ޒުވާނެއް، ސަމަރްދެކެ ވަރަށް ލޯބިވޭ، އެހެންމީހަކުނަމަ މިހާރު ސަމަރް ދޫކޮށްލާފައި ހިނގައިދާނެ، ތިދެމީހުން އެކަކު އަނެކަކުދެކެ ލޯބިވާވަރު އެނގޭ، އެކަމަކު ވެސް ސަމަރް ތިހުންނަނީ ގޮތްދޫނުކުރަން، ކާކަށްތަ ކުރިއަށްވާނޭ ގޮތް އެނގެނީ، ރައިންގެ ޚިޔާލު ބަދަލުނުވަނީސް ތިކަން ނިންމަން އުޅޭ” ތަޅުމުގައި މޮޕުލާ ނިންމާލާފައި ސޯފާގައި އޮތް ސަމަރްއަށް ޢިޒްވާ ބަލާލިއެވެ. އޭރު އޭނާ އޮތީ ޢިޒްވާ ބުނި އެއްޗަކާމެދު ވިސްނާށެވެ.

“އަހަރެން ވަކިގޮތެއް ނިންމާނަން، އެކަމަކު މުޅި އުމުރަށްވެސް ދެން އިޒޫ އުޅޭނީ އެކަނިތަ، މީހަކާ ނީންނާނަންތަ” ސަމަރް އަދިވެސް އެނގެން ބޭނުންވަނީ ޢިޒްވާގެ ހިތުގައިވާ އެއްޗެކެވެ.

“ކުރިއަށްވާނީ ކިހިނެއްކަމެއް އަހަންނަކަށް ނޭނގެޔޭ ބުނީމެންނު، އެހެންވިޔަސް މީހަކާ އިނުމަކީ ވަރަށް ދުރުކަމެއް” ޢިޒްވާގެ ފަހަތުން އައި ސަމަރްއަށް ބުނެލިއެވެ.

“ޝަދަފު އެނބުރި އިޒޫ ގާތަށް އަތުވެއްޖެއްޔާ އޭނާއާ ވެސް ނުގުޅޭނަންތަ” ސަމަރް އެހެންއެހީ ވަރަށް ވިސްނައިގެން ހުރެއެވެ. ޢިޒްވާގެ ފަރާތުން ނުރުހުމުގެ އެއްވެސް އަސަރެއް ފެންނާކަށް އޭނާ ނޭދެއެވެ. ނަމަވެސް ޢިޒްވާގެ ހިތުގައި ޝަދަފުގެ މަޤާމަކީ ކޮބައިކަން އެނގެން ސަމަރް ބޭނުމެވެ.

“އޭނާގެ ނަންކިޔާކަށް އަހަރެން މިހާރު ބޭނުމެއްނޫން، ތިބުނާ ދުވަހެއް ދުވަހަކުވެސް ނާންނާނެ، އޭގެ ފަހުން ކިތަށް އަހަރު ވޭތުވެގެންމިދިޔައީ، އޭނާގެ ޢާއިލާ އެހެންވިޔަކަށް ވެސް ނުދޭނެ، އަހަރުމެން ދެމީހުންނަށް އެންމެ ރަނގަޅުވާނީ ދެން އަލުން އެކަކުއަނެކަކަށް ނުފެނުނިއްޔާ، ސަމަރް، އަހަންނަށްކަމެއްކޮށްދެންޏާ އިތުރަށް ޝަދަފުގެ ވާހަކަ އަހަރެން ގާތު ނުދައްކަފާނަންތަ” ޢިޒްވާގެ މޫނުމަތިން ފެނިގެންދިޔައީ ހިތްހަމަނުޖެހުމަށްވުރެ ބަޔާންކުރަންދަތި މަޑުމައިތިރިކަމަކާ ހިމޭންކަމެކެވެ. އޭނާ ފޮރުވަނީ ކީކޭކަމެއް ކުޑަކޮށްވެސް ސަމަރްއަށް ދެނެގަންނާކަށް ނޭނގުނެވެ.

* * * *

ރަމަޟާންމަހުގެ ފަހުދިޔައިގެ ރޭތަކުން ރެއެކެވެ. ތަރަފް އާއި ރަސަލްގެ ޢާއިލާ ތިބީ ކަންބޮޑުވެފައެވެ. ގިނައިރެއްނުވެ އެމީހުންގެ ކަންފަތާހަމައަށް އެ އުފާވެރި ޚަބަރު ފޯރާނޭއިރެއްގެ އިންތިޒާރުގައެވެ. އެންމެނަށްވުރެ ހާސްވެފައިހުރީ ޝަދަފެވެ. ދަރިފުޅު ދެކިލަން ބައެއްފަހަރު ބޭނުންވިޔަސް އަނެއްބައިފަހަރު އެދަރިފުޅާ ދުރަށް އޭނާ ދުވަނީ ބިރުގެންފައިވާ މީހަކު ފަދައިންނެވެ. ވާގޮތެއް އޭނާއަކަށް ނޭނގެއެވެ. ޑޮކްޓަރުން ރީޝަމް ވިއްސަން ކުރި މަސައްކަތް ބޭކާރުވުމުން ސީސެކްޝަނަށް ތައްޔާރުވިއެވެ. އެންމެން ކަންބޮޑުވެފައި ތިބީ އެހެންވެއެވެ. ނަމަވެސް ދެމައިންގެ ހާލު ވެސް ރަނގަޅުކަން އެނގުނު ހިސާބުން އެންމެން ވެސް ހަމަޖެހުމުގެ ނޭވާއެއް ލިއެވެ. ޢާއިލާގެ މެންބަރުންނާ އެކަހެރިކޮށް ޝަދަފު މަޑުކޮށްލައިގެން ހުއްޓެވެ.

ވިހާކޮޓަރީގެ ތެރެއަށް ޝަދަފު ވެއްދުމާއެކު ނަރުސްކުއްޖަކު ފޮތިގަނޑެއްގެ ތެރެއަށްލައިގެން ގެނެއި ކުޑަކުއްޖަކު ޝަދަފުގެ އަތަށްދިއްކޮށްލިއެވެ. އެތަނުން ރީޝަމްއެއް އޭނާއަކަށް ނުފެނެއެވެ. ނަމަވެސް ހަރަކާތްތެރިވަމުންދިޔަ ނަރުސްކުދިން ފެންނަމުންދިޔައެވެ. އޭނާ އާގަމައަރާފައި ހުރީ ދަރިފުޅުގެ ގައިގާ ހިފަންނުކެރިފައި ހުރި ހެންނެވެ. އެވަގުތު ތުއްތު ދަރިފުޅުގެ ރޯލުމުގެ އަޑު ޝަދަފުގެ ކަންފަތުގައި ޖެހުމާއެކު ހީވީ ހުވަފެނީ އާލަމަކަށް އޭނާގެ ލޯ ހުޅުވުނު ހެންނެވެ. އެހިނދު ފުންނޭވާތަކެއް ލަމުންދިޔަ ޢިޒްވާގެ ދޮން މޫނު ޝަދަފަށް ފެނުނެވެ. ހިއްލާފައިވާ ދާތިކިތައް އެމޫނުމަތިން ވިދަމުންދާއިރު ފެންނަނީ ވަރުބަލިކަމެވެ. ނަމަވެސް ދެލޮލުގައިވާ އާދަޔާ ޚިލާފުވިދުމާއެކު ތުންފަތުގައިވަނީ ހިތްހަމަޖެހުމުގެ ހިނިތުންވުމެވެ.

“ދަރިފުޅު…. ޝަދަފު….” ވަރުބަލިވެފައިވާ އަޑަކުން ޢިޒްވާ އޭނާއާ ވާހަކަދައްކަން މަސައްކަތްކުރަނީއެވެ. ބޭއިޙްތިޔާރުގައި ޝަދަފުގެ އަތް ނަރުސްކުއްޖާއަށް ދިއްކޮށްލެވުނީ ކެތްތެރިކަން ކުޑަވެފައިހުރެއެވެ. އަތުގެތެރޭގައި އޮތް ދަރިފުޅުގެ މޫނުފެނުމާއެކު ޝަދަފުގެ މޫނު އުޖާލާވެގެން ދިޔައެވެ. ޝަދަފުގެ އިސް އުފުލާލީ ދެވަނަ ފަހަރަށް ޢިޒްވާއަށް ބަލާލުމަށެވެ. އެއާއެކު އޭނާގެ ތުންފަތަށްވެރިވެފައިވި ހިނިތުންވުން ވަގުތުން ގެއްލިއްޖެ އެވެ. ކަންބޮޑުވެފައި ހުރި ފަދަ ގޮތަކަށް އަތުގައި އޮތް ދަރިފުޅަށް ބަލާލަން އޭނާއަށް މަޖުބޫރުވިއެވެ.

“މީ ކޮންކަންތައްގަނޑެއްތަ، ހޭލާ ހުއްޓާ ހުވަފެންފެނުމަކީ ބައްޔެއްކަންނޭނގެ، ގިނަ ފަހަރަށް ހެލޫސިނޭޓުވަނީ ބައްޔެއްގެ ސަބަބުން، ދާދި ދެންމެއަކު އަހަރެންގެ އަތުގައި އޮތީ ލޯބިލޯބި ފިރިހެންކުއްޖެއް، އެތުއްތު މޫނު ފެނި ބަފައިވަންތަކަމުގެ ލޯބިން އަހަރެންގެ ހިތް ފުރިބަންޑުންވި ކަހަލަ، އެކަމަކު…. އެކަމަކު މިހާރު މިއޮތީ އަންހެން ކުއްޖެއް، އެހެންވާންވީ ކީއްވެ، އަނެއްކާ ނަރުސްކުދިންނަށް އޮޅުނީތަ، ނޫން، އަހަންނަށް އޮޅުނީކަންނޭނގެ، އެކަމަކު ޢިޒްވާ، އޭނާ މިފަދަ ވަގުތެއްގައި ފެންނަންވީ ކީއްވެ، ހީވީ ވިހެއުމުގެ ވަރުބަލިކަމުގައި އޮތްހެން، އާން! އޭނާ އަހަންނަށް ދައްކަން މަސައްކަތްކުރީ ކުޑަކުއްޖެއް… އެއީ ކޮންކުއްޖެއްބާ، ޢިޒްވާގެ ދަރިއެއް ހުންނަނީބާ، މިހުރިހާކަމަކާ އަހަންނާ ހުރި ގުޅުމަކީ ކޮބާ؟” ހައިރާންކަމުގެ ތެރޭގައި ޝަދަފު ހުއްޓާ ނަރުސްކުއްޖާ އޭނާގެ އަތުގައި އޮތް ދަރިފުޅު ނަގައިގަނެގެން އެތެރެއަށް ގެންދިޔައީ ދަރިފުޅު ސާފުކުރުމަށްފަހު ރީޝަމްއާއެކު ދަރިފުޅު ނެރޭނެކަމުގައި ބުނަމުންނެވެ.

ރީޝަމް ގޮވައިގެން ޝަދަފު ފުރީސުރެން ޢިޒްވާގެ މަތިން ހަނދާންނުކުރާ ދުވަހެއް ނުދެއެވެ. ނަމަވެސް މިނޫނީ ތަފާތުގޮތަކަށް ޢިޒްވާ ފެނިފައެއްނުވެއެވެ. ހުވަފެނެއްކަހަލަ ގޮތްނޭނގޭ މަންޒަރުތަކެކެވެ. ކޮންތާކު ކޮންއިރަކު ހިނގާފައިވާ ކަމެއްކަން ޝަދަފަށް ބުނެދޭކަށް ނޭނގެއެވެ. އެމަންޒަރުތަކަށް އިތުރުވެގެން ދިޔަ ކުލަފޮޓޮއަކަށް ވިހާކޮޓަރިތެރެއިން ޢިޒްވާ ފެނުން ވެގެންދިޔައެވެ. އަނެއްކާ ވެސް ޖަވާބު ހޯދަން ބޭނުންވާ ސުވާލުތައް އިތުރުވީއެވެ. ނަމަވެސް ޖަވާބު ހޯދަން ދާނީ ކާކުގެ ގާތަށް ހެއްޔެވެ.

ދެފަރާތުގެ ޢާއިލާ އުފާފާޅުކުރަމުން ދިޔައިރު ރީޝަމްގެ އަމިއްލަ ނަފްސުގެ މައްޗަށް އޮތް އިތުބާރު ބޮޑުވެފައިވެއެވެ. ޝަދަފުގެ މައްޗަށް އޭނާގެ މަންމަ ބުނި ފަދައިން ކުރި ހޯދިއްޖެކަމުގައި މިއަދު އޭނާއަށް އިޙުސާސްކުރެވެއެވެ. ވޭތުވެގެންދިޔަ ހަމަސްދުވަސް ވަރަކަށް ޝަދަފުގެ ފަރާތުން ރީޝަމް ބޭނުންވި އަޅާލުމާ ލޯތްބާއި އޯގާތެރިކަން ލިބުނެވެ. އަދި ޝަދަފުގެ ހިތް މިލްކުވެއްޖެކަމުގައި ޤަބޫލުކުރެވުނެވެ. ދުނިޔެއަށް އުފަންވި ދަރިފުޅު އޭނާގެ އިންތިޒާރަށް ނިމުން ގެނުވައިފިއެވެ.

ރީޝަމް ހޮސްޕިޓަލުން ގެއަށް ފޮނުވާލުމާއެކު ޝަދަފު ދަތުރު ހަދަންފެށީ މާލެ ބަދަލުވާށެވެ. އަސްމަހާނަށް ހީވެފައި އޮތީ އޭނާގާތު ޝަދަފު ބުނިފަދައިން ޒިންމާދާރު ބައްޕައަކަށްވުމަށް ފުރަތަމަ ފިޔަވަޅު އަޅަން ޝަދަފު ތައްޔާރުވަނީ ކަމުގައެވެ. ތަރަފްއާއެކު ވަޒީފާއަށް ނުކުމެ ޢާއިލާގެ ވިޔަފާރީގައި ދަރިފުޅު ބައިވެރިވުމަކީ ތަރަފްއަށް ލިބޭނޭ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. އެހެންވެ އަސްމަހާނާއި ޒަބާ ވެސް ނިންމީ، މާމަދަރިފުޅަށް ނަންކިޔުމުގެ ހަފްލާ މާލޭގައި ފާހަގަ ކުރުމަށެވެ. އޭރުން ގިނަ ރަޙުމަތްތެރިންނާ ތިމާގެ މީހުންނަށް ދަޢުވަތު ދެވޭނޭތީއެވެ. އަދި ކުލަގަދަކޮށް އެރަސްމިއްޔާތު ބޭއްވޭނީ އެގޮތަށް ކަމަށްވާތީއެވެ. އެއިން އެއްވެސް ކަމަކަށް ޝަދަފު ފާޑެއްނުކިޔައެވެ. ނަމަވެސް ދަރިފުޅު ފެންނަ ކޮންމެ ފަހަރަކު އޭނާއަށް އެކުއްޖާގެ މޫނަށް ބަލަހައްޓައިގެން އެތައްއިރަކު އިނދެވެއެވެ. އުރާލަން ޖެހިލުންވެފައެވެ. އެތުއްތު މޫނު އޭނާއަށް އޮޅުވާލަފާނޭ ހީވާތީއެވެ. އެކަމަކު އޭނާއަށް އޮޅުވާލަންވީ ކޮންކަމެއް ހެއްޔެވެ.

މާލޭގެ ފަސްގަނޑުގައި ޝަދަފުގެ ފައިޖެހުމާއެކު އޭނާ ފުރަތަމަ ވެސް ދިޔައީ ޒައުލްގެ ގާތަށެވެ. ދަރިފުޅަށް ނަންކިޔުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ދަޢުވަތު ދޭށެވެ. އަނެއްކޮޅުން އެދުވަހު އޭނާގެ ގާތުގައި ދަންނަ އެކުވެރިއެއް ހުރުން މުހިއްމުކަމުގައި ޝަދަފަށް ވިސްނޭތީއެވެ.

“ނަވާ، ޑިފީ މާލެ އަތުވެއްޖެ، އަހަންނަށް ޚަބަރު ލިބުނުހާ އަވަހަކަށް މިގުޅީ، ކިހިނެއް ހަދަންވީ، ޑިފީ ގޮވައިގެން ނަވާއާ ބައްދަލުކުރަން ދާންވީތަ” ޒައުލްގެ ގާތުގައި އިނދެފައި އެގެއިން ޝަދަފު ނުކުތުމާއެކު އޭނާ ނަވާލަށް މެސެޖުކޮށްލިއެވެ.

“އަހަންނަށް ޑިފީގެ ނަންބަރު ލިބޭނޭގޮތެއް ހަދައިދީ، އިހަށް ޒައުލް މަޑުކުރޭ، އަހަރެން އެހެންގޮތެއް ޓްރައިކޮށްލަން ބޭނުން، އޭގެ ފަހުގައި ދެމީހުން އޭނާއާ ބައްދަލުކުރަންދާނީ” ޒައުލް ފޮނުވި މެސެޖަށް ވަގުތުން ނަވާލު ޖަވާބުދިނެވެ.

“މައްސަލައެއްނެތް، ނަންބަރު މިފޮނުވާލަދެނީ، މިފަހަރު ނުބުނާތި އަހަރެން ޢިޒްވާއާ މެދު ނުވިސްނައޭ، ނޫނީ ނަވާ ބޭނުންވާ ގޮތަކަށް ކަންތައްތައް ކުރުމަށް އެއްބާރުލުން ނުދެޔޭ… އަހަންނަށް ކޮށްދެވެން އޮތްކަންތައް މިކޮށްދިނީ، އިތުރުކަމެއް ބޭނުންނަމަވެސް އަހަންނަށް އަންގާލާ، ވެވުނު އެހީއެއްވިއްޔާ ވެދޭނަން” ޒައުލް މިހެން ލިޔެލުމަށްފަހު މެސެޖު ފޮނުވާލީ ޝަދަފުގެ ނަންބަރާއެކު އެވެ.

މާލެ އައިތާ ދެވަނައަށް ވީދުވަހު ގެއަށް އަލަށް އައި ތުއްތު މެހެމާނަށް ނަންކިޔައިފިއެވެ. އެކިމީހުން ހުށަހެޅިނަންތަކުން ފާސްވީ ރަސަލް ހުށަހެޅި ނަމެވެ. އެއީ “އީވާ” އެވެ. އިރުއޮއްސުނު އިރު ގޭތެރެ މުޅިން ހަލަބޮލިވެއްޖެއެވެ. ނަންކިޔުމުގެ މުނާސަބާއާ ގުޅިގެން ބޭއްވި ޚާއްޞަ ކެއުމުގައި ބައިވެރިވުމަށް އެގެއަށް އަންނަ މީހުންގެ އަދަދު ގިނަވަމުން ދިޔައެވެ. ކޮންމެ މީހަކު ވެސް އީވާގެ ތުއްތު މޫނު ބަލާނުލާ އެހެންކަމަކައިގެން ނޫޅެއެވެ. ޒައުލްއާއެކު އެއްފަރާތުގައި މަޑުކޮށްލައިގެން ހުރި ޝަދަފުގެ ފޯނަށް މެސެޖެއް އައީ އެވަގުތުއެވެ. ކުއްލިއަކަށް މޫނުގެ ކުލަވަރު ބަދަލުވުމާއެކު އަވަސް އަވަހަށް ޝަދަފު އެއްފަރާތަށް ޖެހިލިއެވެ.

ޝަދަފުގެ ހަރަކާތްތަކަށް ބަލަންހުރި ޒައުލްއަށް އޭނާގެ މޫނު ފެންނަވަރެއްނުވިއެވެ. ފުރަގަސްދީގެން ހުރެ ފޯނުގެ ސްކްރީނަށް ޝަދަފު ނަޒަރުހުއްޓާލައިގެން ހުރިއިރު އޭނާގެ ނިތްކުރިން ދާތިކި ހިލިއްޖެއެވެ. ދެލޯބޮޑުކޮށްލަމުން ފޯނަށް އައި މެސެޖު ދެވަނަ ފަހަރަށް ކިޔާލިއެވެ.

“ލޯބިވާ މީހުންނާ ހެޔޮ އެދޭ ރަޙުމަތްތެރިންގެ މަތިން ދުވަހަކުވެސް ޑިފީ ހަނދާންވާނެބާ” މެސެޖުގައި ލިޔެފައި އޮތް އެއްޗަކަށް ޝަދަފު ފުންކޮށް ވިސްނާލިއެވެ. ފުރަތަމަ ވެސް އަޅައިގަތީ އެމެސެޖު ކުރި މީހަކު އޭނާއާ “ޑިފީ” ގެ ނަމުން މުހާތަބުކޮށްފައި އޮތީމައެވެ. އެއީ އޭނާގެ ޢާއިލާ މީހުން ފިޔަވައި ވަރަށް ގާތް ރަޙުމަތްތެރިން ބޭނުންކުރާ ނަމެކެވެ. މިވަގުތު އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާ އެހެރީ ދާދި ގާތުގައެވެ. ޒައުލްގެ އަތުގައި ޖޫސްތަށި ފިޔަވާ އިތުރުއެއްޗެއް ނެތެވެ. އޭނާ އެމެސެޖު ނުކުރާނަމަ ދެން އެފަދަ ގޮތަކަށް މެސެޖު ކުރާނީ ކާކުބާއެވެ. ނިތަށް އަރައިގެން ދިޔަ ރޫތަކާއެކު ފޯނުގެ ސްކްރީނު ނިއްވާލިއެވެ. އަދި އެނބުރި ޒައުލްގެ ގާތަށް އައިސް ހުއްޓިލިއިރު ވެސް ޝަދަފުގެ ސިކުނޑީގައި ސުވާލުތައް ފުނިޖެހެމުންދިޔައެވެ. ވިސްނަމުން ދިޔަވަރަކަށް ފޯނަށް އައި އެމެސެޖު ޒައުލްއަށް ދައްކަން ޝަދަފު ހިތަށްއެރި އެވެ.  އެހެންނަމަވެސް އޭނާގެ މާޒީގެ ކަންތައްތައް އޮޅުން ފިލުވަން އުޅޭކަމުގައި ޒައުލްއަށް ހީވެއްޖެނަމަ އެކަން ޝަދަފުގެ ޢާއިލާ މީހުންގެ ކަންފަތާ ހަމައަށް ފޯރަފާނޭތީ ފަސްޖެހެވުނެވެ.

“ނުބައިވަހެއްދުވާފައި ހުރި މީހަކުހެން މޫނުހަދައިގެން ތިހުންނަނީ އަނެއްކާ ކިހިނެއްވީ” މާ މަޑުމަޑޫން ޝަދަފު ހުންނަން ފެށުމުން އޭނާގެ މޫނަށް ބަލާލި ޒައުލް ބުންޏެވެ.

“ކަމެއްނުވޭ، އައި ޑޯންޓް ލައިކް ޕާޓީސް، މިކަން ނިމޭކަށްވެސް ނޫޅުނު، މުޅި މާލޭ ރައްޔިތުން އެއްކުރާވަރުކަމެއްތަ މީ” ޝަދަފު ބުނި އެއްޗަކުން ޒައުލްގެ މޫނުމަތިން ހައިރާންކަން ފެނިގެން ދިޔައެވެ.

“ރަނގަޅަށް ތިބުނީ، އަހަންނަށް އެނގޭ ޑިފީއަށް މިކަހަލަ ހަފްލާތަކެއް ކަމަކު ނުދާކަން، މިއަދު ޑިފީ ތިހެން ބުނީމަ އަހަރެން ވަރަށް އުފާވެއްޖެ” ޒައުލްގެ ވާހަކަތަކުގައި ކަމެއްފޮރުވިފައި އޮންނާނެކަމަކަށް ޝަދަފު ހިޔެއްނުކުރެއެވެ. ނަމަވެސް ޒައުލް ބުނަންބޭނުންވި ހަޤީޤީ ވާހަކައޮތީ އޭނާގެ ހިތުގައެވެ. ޝަދަފަށް އޭނާއަކީ ކާކުކަން އަދި ނޭނގެނީއެވެ. އެކަމަށް ވަގުތު ބޭނުންވާނެކަން ޒައުލް ޤަބޫލުކުރެއެވެ. ފުރަތަމަ ފަހަރަށް އޭނާއަށް އެކަމުގެ ހިލަމެއްވެލީ ޝަދަފު ބުނި ބަހުންނެވެ. ޕާޓީތަކަކީ އެއްވެސް އިރަކު ޝަދަފުގެ ހިތްހަމަޖެހުމާ ގުޅިފައިވާ ކަންކަމެއްނޫނެވެ.

ރީޝަމްއަށް ތެދުވެ އުޅުމަކީ އަދިވެސް އެހާ ފަސޭހަކަމެއްނޫނެވެ. އެހެންވެ މީހުންތަކު ތެރޭ މާގިނައެއްކޮށް ނޫޅުނެވެ. ދަރިފުޅު ގޮވައިގެން ކޮޓަރީގައި އިންއިރު އެދެމައިން ދެކިލުމަށް އަންނަ މީހުން ވެސް މިހާރުވަނީ މަދުވެފައެވެ. އެހެންވެ އެނދުގައި ހަށިގަނޑު ދަމާލަމުން އެނދުގެ އެއްފަރާތުގައި ހުރި ކުޑަމޭޒުމަތިން ފޯނުނެގިއެވެ. އަދި ޝަދަފަށް ގުޅިއެވެ. ޒައުލް އެގެއަށް އައީ ހަމައެކަނި ޝަދަފަށްޓަކައެވެ. ކޮންމެހެން އެގޭގެ އިތުރު މީހަކާ ގުޅުންބާއްވާކަށް ނޫނެވެ. ރީޝަމްއަށް އެކަން އެނގެއެވެ. އޭނާ ޒައުލް އެގެއަށް އައުމާމެދު ދެކޮޅު ނުހެދީ ވެސް އެހެންވެއެވެ. ޝަދަފުގެ އެންމެ ގާތް މީހަކީ ޒައުލްކަމަށްވީތީއެވެ. އަދި މިހާރު ޒައުލް އޭނާދެކެ ކިތަންމެ ރުޅި އައިސް ފޫހިވިޔަސް ޝަދަފާ ދުރުކުރަން ކުރެވޭނޭކަމެއް ނޯންނާނެކަން އެނގޭތީއެވެ. އަނެއްކޮޅުން ޒައުލްއަށް ދައްކަން ބޭނުންވަނީ ޝަދަފު، ރީޝަމްއާ ހެދި އުޅޭ ވަރެވެ. ދަރިއަކު ލިބުމަކީ ވެސް ދެމަފިރިންގެ ގުޅުމުގެ ގާތްކަން އަންގައިދޭ ރަމްޒެއްކަމުގައި ރީޝަމްއަށް ޤަބޫލުކުރެވޭތީއެވެ.

“ޑިފީ، އަހަރެން ވަރަށް ވަރުބަލިވެއްޖެ، އީވާ ވެސް ނިދައިފި، ކޮންއިރަކުން ކޮޓަރިއަށް އަންނާނީ، މަންމަމެންވެސް ގެއަށް ގޮސްފި” ރީޝަމް މަޑުމައިތިރި ގޮތަކަށް ބުނެލިއެވެ.

“މިދަނީ އިރުކޮޅަކުން، ޒައުލް ގެއަށް ދާން މިހާރު އެއުޅެނީ، އޭނާ ދިޔައީމާ ދާނަން” ޒައުލް މިހެންބުނުމާއެކު ފޯނު ކަނޑާލައިފިއެވެ. އިތުރަށް ރީޝަމް އެއްޗެއް ބުނަން ފުރުޞަތު ނުދޭންވެގެން ކުރިކަމެއް ކަހަލައެވެ.

“ދެން އޮތީ އަހަރުމެން ގެއަށް ޑިފީ އަންނަންޖެހޭ ފަހަރު، ޕާޓީތައްދެކެ ކިތަންމެ ފޫހިވިޔަސް އަހަންނަށްޓަކައި އަންނަންވާނެ” ބޮޑުކޮޓަރި ތެރެއިންލާފައި އައިސް މަގުމައްޗަށް ނުކުންނަން ހުރި ދޮރު ހުޅުވާލި ޒައުލް ބުންޏެވެ.

“ޒައުލްއަށް އެނގެއެންނު އަހަރެން ދާނެކަން، މާދަންވާނެ ދޯ ޖިމްއަށް ޖައްސާލަން” ޝަދަފު އެކުވެރިޔާއާ ސަލާމްކޮށްލަމުން ކޮނޑުގައިޖަހާލާފައި ބުންޏެވެ. ހިނިތުންވެލި ޒައުލް ފަޓުލޫނުގެ ޖީބަށް އަތްޖަހާލުމާއެކު ގޯޅިތެރެއަށް ނަޒަރު ހިންގާލާފައި ކުރިއަށް ހިނގައިގަތެވެ. އިރުކޮޅަކު ދޮރުމަތީ މަޑުކޮށްލާފައި ޝަދަފު ވެސް ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ.

އަރައިގެން އައި އިރާއެކު މުޅިން އާދުވަހަކަށް ދުނިޔެމަތި ދޮންކުރަމުން ދިޔައެވެ. އޮފީހުގައި އިން ނަވާލުގެ ހަރަކާތްތައް ހުރި ގޮތުން ހީވަނީ ކޮންމެވެސް މީހަކަށް ނުގުޅިގެން އުޅޭހެންނެވެ. ދެތިން ފަހަރަށް މޯބައިލް ފޯނު ގެނެސް ކަންފަތުގައި ޖައްސާލައިފިއެވެ. އަދި އޭގެ އިތުރުން މޭޒުމަތީ ހުރި ކާޑް ހޯލްޑަރުން ވަކިވަކި ކާޑުތައް ބަލަމުން ދިޔައީ ނަންބަރެއް ހޯދުމަށެވެ. މޭޒުމަތީ މުއްކަވާލި އަތުން ޖަހާލަމުން ނަވާލު ޗޮކެއް ކަނޑާލިއެވެ. ބޭނުންވި ކަންތައް ނުވުމުންނެވެ. އެންމެ ފަހުން ފުންނޭވާއެއް ބޭރުކޮށްލާފައި ގޮނޑިން ތެދުވެ ކެބިން ތެރޭފައި ހުރި ސޯފާގޮނޑީގައި އޭނާ ހަމަޖެހިލާފައި ޒައުލްއަށް ގުޅިއެވެ.

“ޒައުލް، ސަމަރް ނަންބަރު ބަދަލުކުރީތަ، އޭނާއަށް ގުޅޭގޮތް ނުވެގެން މިއުޅެނީ، އިޒޫގެ ނަންބަރަކުން ވެސް ފޯނެއް ނުނަގާ، ސަމަރް ނަންބަރު ބަދަލު ކުރިޔަސް އަހަރެންގެ ހިތެއްނުބުނޭ އިޒޫ އޭނާގެ ނަންބަރު ބަދަލުކޮށްފާނެއޭ” ހާސްކަމެއް ލިބިފައި ހުރި ނަވާލު ބުންޏެވެ.

“ސަމަރްއާ އަހަންނާ އެއްވެސް ކޮންޓެކްޓެއް މިހާރަކު ނެތް، އަޅެ އެއޮފީހަށް ގުޅާލަންވީނު ޚަބަރު ބަލާލަން، އިޒޫގެ ޚަބަރެއްވިއްޔާ އަހަންނަށް އަންގާލައްޗޭ، ކޮބާ މިހާރު ކުރަން ބުނި ކަންތައް ކޮށްފިންތަ، އެނގޭތަ، ރޭގައި ޑިފީ ބުނިއެއްޗަކުން ވަރަށް ހަނދާންވީ ކުރީގެ ޑިފީ މަތިން” ޒައުލް މިހެން ބުނެ ނަވާލަށް ކަންތައް ވީގޮތް ކިޔައިދިނެވެ. ނަވާލުގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

“އިރާދަކުރެއްވިއްޔާ ކުރީގެ ޑިފީ އެނބުރި އަންނާކަށް ގިނަ ދުވަހެއްނެތް، އަހަރެންގެ ހިތްބުނަނީ އެހެން، އަހަރެން މިހާރު ހާސްވަނީ އިޒޫއާ މެދު، މީހަކު ދެދުވަހު ފޮނުވައިފިން އިޒޫގެ އެޕާޓްމެންޓަށް، ހިޔެއްނުވޭ އެތަނުގައި އޭނާ މިހާރު އުޅޭހެން، ޑިފީއާ ގާތް ގުޅުމެއް އުފައްދަން މަސައްކަތްކުރާއިރު އިޒޫ އަހަރުމެންނަށް ގެއްލޭކަށް ބޭނުމެއްނޫން” ނަވާލު ބޭނުންވަނީ ޝަދަފާއި ޢިޒްވާ އަލުން ގުޅޭށެވެ. އެކަން އެގޮތަށް ކޮންމެގޮތަކުން ނަމަވެސް ކުރަން ނަވާލު ބޭނުންވެއެވެ.

“އަހަރެން އެބަ ގުޅަން ސަމަރްގެ އޮފީހަށް ގުޅާލާފައި، ދިމާނުވެއްޖެއްޔާ އެގެއަށް ދެވިދާނެ އެންނު، ސަމަރް މަންމައަށް އަހަރެން ފެނުނީމަ އެނގޭނެ” ޒައުލް ބުންޏެވެ. އެގޮތާ ނަވާލު އެއްބަސްވިއެވެ. އަދި ޒައުލް އެކަމުގެ ޚަބަރެއް އޮޅުން ފިލުވާފައި ގުޅާނޭ އިރެއްގެ އިންތިޒާރުގައި ނަވާލު އިނެވެ. މާގިނައިރަކު އިންތިޒާރުކުރާކަށް ނުޖެހުނެވެ. ދިހަމިނެޓު ވެސް ނުވަނީސް ޒައުލް، ނަވާލަށް ގުޅައިފިއެވެ.

“އޮފީހުން ބުނީ ސަމަރް ޗުއްޓީގައި ހުރިވާހަކަ، އެހެންވީމަ ދިމާވާނީ އެގެއިން، ހިނގާ މިއަދު ހަވީރު އަހަންނާއެކު އެގެއަށް ދަމާ” ޒައުލް ޚިޔާލު ފާޅުކުރިއެވެ.

އޮއްސެން ދިޔަ އިރާއެކު އިމާރާތްތަކުގެ ހިޔަނިތަކުން މަގުތަކަށް ހިޔާއެޅިފައި ހުއްޓެވެ. ހަރުކޮށް ހިނގާލާފައި އައި ޒައުލް އާއި ނަވާލު ވަނީ ސަމަރް މެންގެއަށެވެ. އެގޭ ދޮރޯށިން އެތެރެއަށް ބޯދިއްކޮށްލުމާއެކު ސިޓިން ރޫމުގައި އިން އަންހެން ކުއްޖަކު ކީއްކުރާ ބައެއްތޯ އަހާލިއެވެ.

“ސަމަރް ހޯދަން” އިސްވެ ކުރިއަށް ޖެހިލި ޒައުލް ބުނެލިއެވެ.

“ދައްތާ، ދައްތާ، ސަމަރް ހޯދަން އެބަތިބި ދެފިރިހެންކުދިން އައިސް” އެތެރެއަށް ވަދެގެން ދިޔަ އަންހެންކުއްޖާގެ އަޑު ޒައުލްމެންނަށް ސާފުކޮށް އިވުނެވެ.

“ސަމަރްނެތް ރަށަކު، ކަމަކުތަ” ސިޓިން ރޫމު ދޮރުމައްޗަށް ނުކުތް ޚާލިދާ ދެޒުވާނުންނަށް ވަރަށް ރަނގަޅަށް ބަލާލަމުން ބުނެލިއެވެ.

“ރާއްޖޭން ބޭރަށް ދިޔައީތޯ، ގުޅޭގޮތްނުވެގެން އަޅުގަނޑު މިއައީ” ޒައުލް އަދަބުވެރިކޮށް ވާހަކަދެއްކިއެވެ.

“ރަނގަޅު، ލަންކާގަވީ، މަހެއްހާ ދުވަސްވާނެ، މިހާރު ފުރިތާ ހަފްތާއެއްވެދާނެ، ސަމަރް އެނބުރި އައީމަ މެސެޖު ރައްދުކޮށްދޭނަން، އަދި ނަމެއް ވެސް ނުބުނަމެންނު، އޭރުންނު އެނގޭނީ ކޮންކުދިންނެއްކަން ސަމަރް ހޯދަން އައީ” ޚާލިދާ ހިތްހެޔޮ ގޮތަކަށް ހިނިތުންވެލަމުން ބުންޏެވެ.

“ޒައުލް ހޯދަން އައިވާހަކަ ނަންގަނެދެއްވާ، ޝުކުރިއްޔާ، ދެން އަޅުގަނޑުމެން ގޮސްލަނީ” ޒައުލް މިހެންބުނެ ނަވާލާއެކު އެގެއިން ނުކުންނަން ހިނގައިގަތެވެ.

ދަރިފުޅަށް ނަންކިޔުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ފާހަގަކުރަމުން ދަނިކޮށް އެރޭ ޝަދަފުގެ ފޯނަށް އައި މެސެޖާއެކު އަނެއްކާ ވެސް ސިކުނޑިއަށް ބުރަބޮޑުވެއްޖެއެވެ. އޭގެ ފަހުން ކޮންމެ ރެއަކު ކަހަލަ ގޮތަކަށް އެމީހަކު ޝަދަފަށް މެސެޖުކުރެއެވެ. ދައްކާ ވާހަކައިން ހީވަނީ އޭނާއަށް ޝަދަފަކީ ކާކުކަން ވަރަށް ރަނގަޅަށް އެނގޭހެންނެވެ. ނަމަވެސް އިތުބާރުކުރަން ޝަދަފު ފަސްޖެހެއެވެ. އެމީހަކު ބޭނުންވެގެން އުޅެނީ ޝަދަފަށް ކަމެއް އޮޅުން ފިލުވައިދޭށެވެ. ވިސްނާ ވިސްނާ އިތުރަށް ސިކުނޑި ހާސްވުން ނޫން ކަމެއް ނުވިއެވެ. އެއީ ކާކުކަމެއް ޝަދަފުގެ ހިތަށް ވެސް ނުގެނެވުނެވެ. ދިރިއުޅުމުގެ ހުރިހާކަމެއް އެންމެ ގާތްކޮށް ހިއްސާކުރަމުން އައި ހަމައެކަނި ފަރާތަކީ ޒައުލްއެވެ. އޭނާ އެފަދަ ސަމާސާއެއް ނުކުރާނޭކަން ޝަދަފުގެ ޟަމީރު އެއްބަސްވެއެވެ. ޝަދަފަށް މެސެޖު ކުރާ މީހާއަށް އޭނާގެ ހަނދާނުން ބައެއް ފުހެވިފައިވާކަން އެނގެންވީ ގޮތެއް  ވެސް ނުވިސްނުނެވެ.

“ރީޝް، ވާހަކައެއް އަހަންތަ” އީވާ އުރާލައިގެން އެނދުގައި އިން ޝަދަފު ބުންޏެވެ.

“ހޫމް! އަހާބަލަ” ރީޝަމް އިނީ އީވާގެ ހެދުންކޮޅުތައް ފަތްޖަހާށެވެ.

“ރީޝް އަހަންނަށް ދުވަހަކު ވެސް ކަމެއް އޮޅުވާލާފައި އޮންނާނެތަ” ޝަދަފު ކުރި ސުވާލުން ރީޝަމް ސިހޭގޮތްވިއެވެ.

“ކޮންކަހަލަ ވާހަކައެއް ތިދައްކަނީ، އަހަރެން ކީއްކުރަން ޑިފީއަށް އޮޅުވާލަނީ، ޑިފީއަށް ހަމަރަނގަޅަށް އެނގޭނެ އަހަރެން ޑިފީދެކެ ލޯބިވާވަރު، ލޯބިވާ މީހަކަށް ކަންކަން އޮޅުވައެއްނުލާނެ އެންނު، ކޮންއިރަކުންތަ ޑިފީ ޖޮބަށް ނުކުންނަނީ، ބައްޕަމެންގެ އޮފީހުގައި ޑިފީއަށް ޚާއްޞަ ކެބިންއެއް ހެދިވާހަކަ މިއަދު ދެއްކި” ރީޝަމް ބޭނުންވީ ވާހަކައިގެ މިސްރާބު ބަދަލުކޮށްލާށެވެ.

“ޖޮބު ދޯ، އެބުނާ ކެބިންނެއް ނުނިމިގެން ގޭގައި މިމަޑުކުރަނީ، ނިމުނުހާ އަވަހަކަށް ނުކުންނަންވީ” ޝަދަފުގެ ވާހަކަހުރި ގޮތުން ރީޝަމް ބޭނުންވިގޮތް ވިކަން އެނގުނެވެ.

“އެބަ އަންނަން މަންމަމެން ކޮޓަރިއަށް ގޮސްފައި، މީ މަންމަގެ ތުވާއްޔެއް” ރީޝަމް ގޮސް ކޮޓަރިން ނުކުތުމާއެކު ޝަދަފު އަތުތެރޭއޮތް އީވާ އެނދުމަތީ ބާއްވާލިއެވެ. އަދި މަޑުމަޑުން ތެދުވެގެން އައިސް ރީތިވާ މޭޒުގެ ލޯގަނޑުން މޫނު ބަލާލާފައި ދެއަތުން އިސްތަށިގަނޑު ރަނގަޅުކޮށްލިއެވެ. އެވަގުތު މޭޒުމަތީ ބާއްވާފައި އޮތް އޭނާގެ ފޯނު ލޮލުގައި އަޅައިގަތެވެ. އިރުކޮޅަކު ބަލަހައްޓައިގެން ހުރެފައި ފޯނު ނަގާ މެސެޖުތައް ކިޔަން ފެށިއެވެ.

“ޑެޑީ…” ކުއްލިއަކަށް ޝަދަފުގެ ކަންފަތުގައި ޖެހުނީ ތުއްތުކުއްޖެގެ އަޑެވެ. ބޭއިޙްތިޔާރުގައި ޝަދަފަށް ބަލާލެވުނީ އެނދުގައި އޮތް އީވާއާ ދިމާލަށެވެ. އޭރު އެކުއްޖާ އަމިއްލަ ޚިޔާލުތަކެއްގެ ތެރެއަށް ގެއްލިއޮވެ އަޑުއަޑު ލައްވަމުން ދިޔައެވެ. އަނެއްކާވެސް މެސެޖުތަކުގައި އެމީހަކު ކޮށްފައިހުރި ސުވާލުތަކަށް ޝަދަފު ސަމާލުވިއެވެ. އެއާއެކު ކުޑަކުއްޖަކު ރޮއެގަތް އަޑުއިވުނެވެ.

“މިރާން…” ވީގޮތެއް ނޭނގި ހަޅޭލަވައިގަނެވުނު ޝަދަފަށް ދުއްވައިގަނެވުނީ އެނދާ ދިމާލަށެވެ. ދެއަތް ދިއްކޮށްލައިގެން ހުރެއެވެ.

ކޮޓަރިއަށް ވަންނަން އައި ރީޝަމްއަށް ޝަދަފުގެ ހަޅޭކުގެ އަޑުއިވުމާއެކު ދުވެފައި ކަހަލަ ގޮތަކަށް އައިސް ކޮޓަރީގެ ދޮރު ތަންމިނަށް ހުޅުވާލުމާއެކު އެތެރެއަށް ދެމިގަނެވުނެވެ. އޭރު ކުޑަކުޑަ އީވާ އަތަށް ލައިގެން ހުރެ ޝަދަފު ރޮނީއެވެ. ރީޝަމްގެ މޫނުމަތިން ލޭހިނދިގެން ދިޔަ ކަހަލައެވެ. އެމޫނު އެއްކޮށް ހުދުވެ ދެލޯ ބޮޑުކޮށްލައިގެން ހުރެ އައިސް ޝަދަފުގެ އަތުގައި އޮތް ދަރިފުޅަށް ބަލާލަން މަސައްކަތްކުރިއެވެ. އޭރު ޝަދަފުގެ މޭގައި އީވާ ޖައްސާ ބާރުކޮށްލައިގެން ހުރިއިރު އެތުއްތު ކުއްޖާ ތެޅިފޮޅެމުންދިޔައީ ނޭވާ ނުލެވިގެން އުޅޭފަދަ ގޮތަކަށެވެ.

“ޑިފީ، ޑިފީ…” ޝަދަފަށް ކޮންމެވެސް ކަމެއްވެއްޖެކަން ރީޝަމްއަށް އެނގުނެވެ. އޭނާގެ ހަރަކާތްތައްހުރީ ހޭޖެހޭ މީހަކުގެ ހަރަކާތްތައް ހުންނަފަދަ ގޮތަކަށް ނޫނެވެ. އޭރު އީވާގެ ރުއިމުގެ އަޑު ރީޝަމްގެ ކަންފަތުގައި ޖެހިއްޖެއެވެ. ޝަދަފުގެ އަތުގައި ހިފާ ދަމައިގަންނަމުން އަޑުގެ ކޮޅަށް ރީޝަމް ހަޅޭލަވައިގަތެވެ. އެއާއެކު ހާސްވެގެން ތެޅެމުންދިޔަ ޝަދަފު ސިހިފައި މައިތިރިވެއްޖެއެވެ. އަދި އޭނާގެ މޫނުމަތިން ފެންނަމުންދިޔަ ކުލަވަރު ވެސް ބަދަލުވެގެންދިޔައެވެ. އަތުތެރޭ އޮތް އީވާގެ ރުއިމުގެ އަޑު ޝަދަފުގެ ކަންފަތާ ހަމައަށް ފޯރީ ދެނެވެ. އޭގެ ކުރިން ޝަދަފުގެ ކުރިމަތީ ހުރި ރީޝަމް ވެސް އޭނާއަށް ނުފެނެއެވެ. ދެލޯ ބޮޑުކޮށްލެވުނީ އަތުތެރޭ އޮތް އީވާއަށް ގިސްލެވިފައިވާ ވަރު ފެނިފައެވެ. އެހިނދު ކަންބޮޑުވެ ފެންކަޅިވެފައި ހުރި ރީޝަމް ޝަދަފުގެ އަތުން ދަރިފުޅު ދަމައިގަތެވެ.

“ޑިފީ ކީއްކުރަންތަ ތިއުޅުނީ، އީވް ނޭވާ ހާސްވެގެން ތެޅުނުއިރު ދޫކޮށްނުލާ ހުރީ ކީއްވެތަ؟ ހަމަހޭގަތަ ތިހިރީ… ކޮންކަހަލަ މީހެއް…” ރީޝަމް ބުނަން އުޅުނު އެއްޗެއް ފުރިހަމައެއް ނުކުރިއެވެ. ހިތްހަމަނުޖެހިފައި ހުރިވަރުން ބުނެގެންނުވާނޭ ފަދަ އެއްޗެއް ޝަދަފާ ދިމާލަށް ބުނެވިދާނޭތީ އޭނާ އީވާ ގޮވައިގެން ހަލުވިކޮށް ކޮޓަރިން ނުކުމެގެން ދިޔައެވެ. އެދިމާލަށް ބަލަންހުރި ޝަދަފަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. އެވަގުތު ކޯތާފަތް ކަރުނުން ތެމިފައިހުރިކަމުގެ އިޙްސާސް ކުރެވުމުން ލޯކައިރީ އިނގިލި ޖައްސާލެވުނެވެ. އޭނާ ރުއީ ކީއްވެކަމެއް ނޭނގުނެވެ. ވަށައިގެން ކޮޓަރިތެރެއަށް ނަޒަރު ހިންގާލެވުނެވެ. އެނދުގައި ހުރެފައި ފުންމާލަން އުޅުނު ކުޑަކުޑަ ފިރިހެން ކުއްޖާ ކޮބާތޯ ޝަދަފަށް ހޯދާލެވުނީއެވެ.

“މިރާން، ޢިޒްވާ…. މީ ކޮންބައެއްތަ، މަންމަމެން އަހަންނަށް ކަމެއް ސިއްރުކުރަނީތަ، ނޫނީ މިއީ މަންމަމެންނަށް ވެސް ނޭނގޭ ކަމަކީތަ، އީވާ، އެކުއްޖާއަށް މިއަދު ކަމެއްވިނަމަ ރީޝް އަހަންނަށް ދުވަހަކުވެސް މާފެއް ނުކުރާނެ، އެހިސާބަށް ކަންތައްދާވަރަށް އަހަރެންގެ ހޭބުއްދިފިލާ ދިޔައީ ކީއްވެބާ، އެކުޑަ ފިރިހެން ކުއްޖާ ފެނުމުން އަހަރެން ވަގުތުން ބޭނުންވީ މިދެއަތުގެ ތެރެއަށް ގެނެސްލާން، އެކުއްޖާއަށް އެއްވެސް ގެއްލުމެއްވާކަށް ބޭނުމެއްނުވި، އެކަމަކު އަހަންނާ އޮތް ގުޅުމަކީ ކޮބައިކަމެއް ނޭނގޭ، އޯ ނޯ… މަންމަމެންނަށް މިކަން އެނގިއްޖެއްޔާ، ރީޝް… ކޮބާބާ ރީޝް” ބޮލުގައި ދެއަތުން ހިފަހައްޓާލާފައި ޝަދަފު އަވަސް އަވަހަށް ކޮޓަރިން ނުކުމެ ރީޝަމް ދިޔަތަނެއް ހޯދަން ފެށިއެވެ.

“ރީޝް” ޓެރެސްގައި ހުރި އުނދޯލީގައި ދަރިފުޅު ގޮވައިގެން ނާނާ ކިޔަން އިން ރީޝަމްއަށް ޝަދަފު ގޮވާލިއެވެ. އަދި އައިގޮތަށް އައިސް ރީޝަމްގެ ގާތުގައި އިށީނދެ އޭނާގެ ކޮނޑުގައި އަތްތިލަޖައްސާލީ ދެރަވެފައި އިނދެއެވެ.

“ވަރަށް ބޮޑަށް ސޮރީ، އަހަންނަށް ނޭނގޭ ވީގޮތެއް، އެއްކަލަ ގޮތަކަށް ބޮލުގައި ރިއްސަނީ، ރީޝްއަށް ވެސް އެނގެއެންނު އަހަރެން ގަސްދުގައި އީވްއަށް ގެއްލުމެއް ނުދޭނެކަން، އަހަރެންގެ ދަރިއަކަށް އަހަރެން އަނިޔާވެރިވެދާނެހެން ރީޝްއަށް ހީވޭތަ؟” ޝަދަފުގެ ދެލޮލުން އޭނާގެ ވާހަކައިގެ ތެދުކަން ރީޝަމްއަށް ހާމަވެއެވެ.

“އަހަރެން ހާދަ ބިރެއްގަތޭ، އެހެންވެ އެހާ ރުޅިއާދެވުނީ، ޑިފީއަށް ތިހެންވާ ވާހަކައެއް ނުބުނަމެންނު، ކީއްވެތަ ހަޅޭލަވައިގަތީ، އެއްޗެއް ފެނުނީތަ، ކޮޓަރިތެރޭ ކަމެއްހިނގީތަ، އެހެންވެތަ ޑިފީ އެހާބާރަށް އީވްގެ ގައިގާ ބައްދައިގަނެގެން ހުރީ” ރީޝަމް ވެސް ޝަދަފާމެދު ކަންބޮޑުވިއެވެ.

“ނަތިންގ ލައިކް ދެޓް، އަހަރެންގެ ބޮލުގައި ރިއްސައިގަތީ އީވް އުރާލައިގެން ހުއްޓާ، އެހެންވެ ދޫކޮށްލަން ވެސް ނޭނގުނީ” ޝަދަފު ދޮގެއް ހެދިއެވެ. އަދި “މިރާން” ގެ ނަން އޭނާގެ ދުލުން ބޭރުވިއެއްކަމަކު އެއަޑު ރީޝަމްއަށް ނީވުނީތީ އެކަމާ އޭނާ ހިތްހަމަޖެހުނެވެ. އެހެންނޫންނަމަ އަނެއްކާ އެއީ ކާކުކަން ރީޝަމްއަށް ބުނެދޭންޖެހުނީއެވެ. ޚުދު އޭނާއަށް ވެސް އެއީ ކާކުކަން ނޭނގޭއިރު އެހެން މީހަކަށް މިރާންއަކީ ކޮންކުއްޖެއްކަން ބުނެދޭނީ ކިހިނެއްހެއްޔެވެ.

“އަހަންނަށް ފެންނަނީ ޑޮކްޓަރަށް ދައްކަންދާން، އަބަދު އަބަދު ބޭސް ކެއުމަކީ ހައްލެއްނޫން، ވެދާނެ ތިކާބޭހުން ސައިޑްއެފެކްޓެއް ކުރަނީކަމަށް، އެފަދަ ދެވަނަ އެޕިސޮޑްއެއް ނާންނަނީސް ޑޮކްޓަރަށް ދާން ފެންނަނީ” ޝަދަފުގެ ކޮނޑުގައި ބޯއަޅާލަމުން ރީޝަމް ބުންޏެވެ. “ހޫނ!” ލައްވާލި ޝަދަފު، ރީޝަމްގެ ކޮނޑުގައި ވަށާލި އަތާއެކު ގާތްކޮށް ހިފަހައްޓާލިއެވެ. އަދި ނިދިފައި އޮތް އީވާއަށް ބަލާލިއެވެ. އެކުއްޖާއަށް ނިދިފައި އޮތްއިރު ވެސް ގިސްލެވެއެވެ.

“އަހަރެން ބޭނުމެއްނޫން މަންމަ ގާތު މިކަމުގެ އެއްވެސް ވާހަކައެއް ދައްކާކަށް، ރީޝްއަށް އެނގެއެންނު މަންމަމެންގެ ގޮތް، އަހަރުމެން ދެމީހުންވެގެން ދާނީ ޑޮކްޓަރަށް ދައްކަން، އަހަރެން އެޕޮއިންމެންޓެއް ހަމަޖައްސާފައި ރީޝް ގާތު ބުނާނަން، އެންމެ ރަނގަޅެންނު” ޝަދަފު ބޭނުންވީ ވަގުތީ ގޮތުން ރީޝަމްގެ ހިތްހަމަޖައްސާލަދޭށެވެ.

އޮއްސުނު އިރާއެކު ދުނިޔެމައްޗަށް އަނދިރިކަން އަތްގަދަކުރީ އެހާމެ އަވަހަށެވެ. ޓެރެސްގައި ހުރި ބޮކިތައް އަމޯރާ ދިއްލާލުމާއެކު އޭނާ ދިޔައީ ސިއްސައިގެންނެވެ. އަނދިރީގައި މީހަކު ހުރިކަމަކަށް އޭނާ ހިޔެއްނުކުރެއެވެ. އޭރު އުނދޯލީގައި އިށީނދެލައިގެން އިސްޖެހިފައި ޝަދަފު އިނެވެ.

“ޑިފީ، ޔޫ ސްކެއަރޑް ދަ ހެލް އައުޓް އޮފް މީ” މޭގައި އަތްއަޅާލައިގެން ހުރި އަމޯރާ ބުނެލިއެވެ.

“ފަހަކަށް އައިސް އަހަރެން އަމިއްލައަށް ވެސް އަހަރެންދެކެ ބިރުގަނޭ” އިސްއުފުލާލަމުން އުނދޯލިން ތެދުވި ޝަދަފު މާނަފުންގޮތަކަށް ހިނިތުންވެލަމުން ބުންޏެވެ. އަދި އަމޯރާ ބުނާނެ އެއްޗަކަށް މަޑުކުރުމެއްނެތި އޭނާ ސިޑިން ފައިބައިގެން ދިޔައެވެ.

ބަދިގެ ތެރޭގައި މެދަށްވާގޮތަށް ހުރި ކެބިނެޓުގެ އެއްފަރާތުގައި ޖަހާފައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީނދެލައިގެން އިން ޝަދަފު ފެންފުޅިއަކުން ތައްޓަށް ފެންއަޅަމުން ދިޔައެވެ. އޭރު ކުރިމަތީގައި ކަހަލަ ގޮތަކަށް ފޯނު ބާއްވާލާފައި އޮތެވެ. ހީވަނީ އޭނާ އެފޯނުން ކަމަކަށް އިންތިޒާރު ކުރާ ހެންނެވެ. މަޑުން މަޑުން އެތި އެތި ފޮދުން ފެންބޮމުން ދިޔައިރު އޭނާގެ ނަޒަރު ހުރީ ފޯނަށް ހުއްޓިފައެވެ. ދޭތެރެއަކުން އަތުކުރީ އޮތް ގަނޑިއަށް ބަލާލައެވެ. އަދި ފަސްއެނބުރި ބަލާލަނީ މީހެއްގެ ހިލަމެއް ވާހެން ހީވެގެންނެވެ. އެކަމަކު އެތަނަށް ވަންނާކަށް އެކަކު ވެސް ނައެވެ. ބަދިގެ ވަށާލާފައި ޝެލީން އާއި އަމޯރާ ވެސް ދިޔައީ އެވެ. ޝަދަފު ސިހިފައި ބަލާލީ ފޯނުން “ބީޕް” އަޑު އިވިގެންނެވެ. އެއީ މެސެޖެކެވެ. ވަގުތުން ފޯނު ނަގާ މެސެޖު ކިޔާލިއެވެ.

“ތިހާ ފިނޑި މީހަކު އަހަރެން ނުދެކެން، ލޮލުގައި ބަނދެވިފައި އޮތް ފޮތިގަނޑު ކުޑަކޮށް ހިއްލާލި ނަމަވެސް ތިލޮލަށް ހަޤީޤަތް ފެންނާނެ، ނޫނީ ކަނުމީހަކަށް ހެދިގެން މުޅި އުމުރު ވޭތުކުރަން ބޭނުންވަނީތަ؟ އެއްފަހަރު ވެސް ހަޤީޤަތް އެނގޭކަން ބޭނުމެއްނޫންތަ؟ އަހަންނަކީ ކާކުކަން އެނގޭކަށް ބޭނުމެއްނުވޭތަ؟” އަޑުވީއްލާ ޝަދަފު މެސެޖު ކިޔާލިއެވެ. ތިރީތުންފަތުގައި ދަތްއަޅާލަމުން އޭނާ ލޯހިމަކޮށްލީ ވިސްނާލާފަދަ ގޮތަކަށެވެ. އަދި މަދު ސިކުންތުކޮޅެއްގެ ތެރޭ އޭނާގެ އިނގިލިތައް ފޯނުގެ ސްކްރީނުގައި ޖައްސާލިއެވެ. ފުރަތަމަ ފަހަރަށް ޝަދަފަށް މެސެޖު ކުރާ މީހާއަށް ރައްދު ދޭން އޭނާ ބޭނުންވިއެވެ.

“އަހަރެންތަ ފިނޑީ، ނޫނީ ކަލޭތަ، މެސެޖު ކުރުމުގެ ބަދަލުގައި އަހަރެންގެ ކުރިމައްޗަށް އަރަންނުކެރިގެން ތިއުޅެނީ ކީއްވެތަ؟ އަހަރެން ނުޖެހޭ ތީ ކާކުކަން ބާލާކަށް، ހަޤީޤަތޭކިޔާ އެއްޗެއް ކަލޭ އަހަންނަށް އޮޅުންފިލުވާދޭން ބޭނުންވާނަމަ އަހަރެންގެ ކުރިމައްޗަށް ހުއްޓި ކިޔާދޭންވީނު، ކޮންމެހެން ފާޑުފާޑުގެ މަސެޖު ކުރަނީ ކީއްކުރަން، އަހަންނަށް ކިހިނެއް އެނގެނީ ކަލޭ ތިހަދަނީ ތެދުކަން، ނޫނީ ކަލޭ ތިއުޅެނީ އަހަންނާ އަހަރެންގެ ޢާއިލާއަކީ ކޮންބައެއްކަން އެނގޭތީ ފައިސާގަނޑެއް ބޭނުންވެގެންތަ” ޝަދަފު މެސެޖު ލިޔެފައި ފޮނުވާލިއެވެ. އަދި ކެތްތެރިކަން ކުޑަގޮތަކަށް އެއްވަރަކަށް ފައިތަޅުވާލަ ތަޅުވާލަ އިނީ އޭނާއަށް ޖަވާބު އަންނާނެ ގޮތެއް ނޭނގޭތީއެވެ.

“ކުރިމައްޗަށް އެރިއްޔާ އެނގޭނެތަ، ޑިފީ ބޭނުންވަނީ ތިގޮތްކަމުގައި ވާނަމަ އެކަންވެސް ކޮށްދޭނަން، ތައްޔާރުވެ ހުރޭ، ގެއިން ބޭރަށް ޑިފީ އެންމެ އަވަހަށް ނުކުންނައިރަކަށް އަހަރެން ބަލާނަން، އެވަގުތަކުން މަގުމަތިން އަހަރެން ޑިފީއާ ބައްދަލުކުރާނަން، އޭރުން އެނގޭނެ އަހަންނަކީ ފައިސާގެ ދަހިވެތިކަމުގައި އުޅޭ މީހެއްނޫންކަން، ދުނިޔޭގައި ހެޔޮ އެދޭ މީހުން އަދި ވެސް އެބަތިބިކަން، އަހަރެން އިތުރަށް ޑިފީއަށް މެސެޖެއް ނުކުރާނަން، ސީދާ ބައްދަލުކުރާނީ، އެވަގުތު ޖެހެންދެން އިންތިޒާރުކުރާނަން” ޖަވާބުގައި ލިބުނު މެސެޖު ޝަދަފު ކިޔާލިއެވެ. ހައިރާންކަންވީ އިތުރެވެ. ހިތްހަމަނުޖެހުނީ އޭނާއަށް އެއީކާކުކަން ނޭނގޭއިރު، އެމީހަކަށް ޝަދަފާ ބެހޭ ވަރަށް ގިނަ ކަންތައްތައް އެނގޭހެން ހީވާތީއެވެ.

“އެނގިދާނެތާ، މާދަމާ ހެނދުނު ނުކުންނާނަން ބޭރަށް، އޭރުން އެއީކާކުކަން އެނގޭނެ، ވާހަކަހުރިގޮތުން ވަރަށް ކެރޭމީހެއްހެން ހީވަނީ” ޝަދަފު އަމިއްލައަށް ވާހަކަދައްކާލުމާއެކު ތެދުވެގެން ހިނގައިގަތީ ސިޑިންމައްޗަށް އެރުމަށެވެ. މާބޮޑު ވިސްނުމެއްގައި ހުރެގެންނެއްނޫނެވެ. ނަމަވެސް ޚިޔާލުން ބޭރުވެވުނީ ދޮރުގެ ތަޅުގައި ހިފާލުމާއެކު އެވެ. އޭނައަށް އައިސް ވަދެވެން އުޅުނީ ޔޫޝައުގެ ކޮޓަރިއަށެވެ. އެގޮތަށް އޭނާއަށް ބޭއިހްތިޔާރުގައި އައިސް އެކޮޓަރީގެ ދޮރުގެ ތަޅުގައި ހިފާލެވިފައިވަނީ އެންމެ ފަހަރަކު ދެފަހަރަކު ނޫނެވެ. އެހެންވާންވީ ސަބަބެއްވެސް އޭނާއަކަށް ނޭނގެއެވެ. ވަގުތުން ހިތުގައި އުފެދުނު ޝައުގެއްގެ ބޮޑުކަމުން ދެކޮޅު ހޯދާ ބަލާލުމާއެކު އޭނާ ގުދުވެ ތަޅުވަޅުގައި ލޯޖަހާލިއެވެ. އަނދިރިކަމުން ތަނެއްދޮރެއް ފެންނަވަރެއް ނުވިއެވެ. ތެދުވެ ތަންކޮޅެއް ބާރަށް ތަޅުގައި ހިފާ ދޮރުކޮށްޕާލަން އުޅުނެވެ. އެގޮތުން ވެސް ދޮރުހުޅުވޭގޮތެއް ނުވިއެވެ. އެވަގުތު އެތަނުން ހުރަސްކަނޑާލި ޝެލީންއަށް ޝަދަފު ގޮވާލިއެވެ.

“މިކޮޓަރީގެ ކީ ކޮބާ؟” ޝަދަފު ވަގުތުން އަހާލިއެވެ.

“މެޑަމް އަތުގައި” ޝެލީން ހުއްޓިލަމުން އާދައިގެ ގޮތަކަށް ބުންޏެވެ. ޝަދަފު ބޯޖަހާލުމުން ޝެލީން އޭނާގެ މަސައްކަތަށް އެނބުރިދިޔައެވެ.

“ދަރިފުޅު ކޯއްޗެއްތަ ތިހޯދަނީ” އަސްމަހާނުގެ ކޮޓަރީގައި ހުރި ރީތިވާ މޭޒުމަތިން ތަޅުދަނޑިތައް އަޅާފައި ހުރި ވަށިގަނޑު ހާވަމުން ދިޔަ ޝަދަފަށް އޭނާގެ މަންމަ އެކޮޓަރިއަށް އައިސް ވަންކަން އެނގުނީ ދެނެވެ.

“މީ.. މިއުޅެނީ ޔޫޝްގެ ކޮޓަރި ބަލާލާހިތުން، ދުވަހަކުވެސް އަދި އަޅުގަނޑު އެކޮޓަރިއަކަށް ނުވަންނަން” ސިއްރުން ކަމެއްކުރަން އުޅެނިކޮށް ފަޅާއެރީތީ ކުށްވެރިއަކު ފަދައިން ޖެހިލުންވެފައި ހުރެ ޝަދަފު މަޑުމަޑުން ބުނެލިއެވެ.

“އެތާކު ނުހުންނާނެ މުހިއްމު އެއްވެސް އެއްޗެއް، އޮތިއްޔާ އޮންނާނީ ހިރަފުސް، ޔޫޝައު ގާތު މަންމަ ބުނިން އެކޮޓަރިއަށް އެކަކު ވެސް ނުވައްދާނަމޭ ޔޫޝައު އެނބުރި އަންނަންދެން އެތަންބަހައްޓާނީ ފަޅަށޭ، އެހިރަފުސްގަނޑު ތެރެއަށް ޝަދަފު ވަންނަން އުޅޭނެކަމެއްނެތް، މިހާ ރޯގާ އުޅޭއިރެއްގައި ދަރިފުޅަށް ރޯގާޖެހިޖެއްޔާ ރީޝްގެ ދެމައިންނަށް ނުޖެހިއެއް ނުދާނެ، އީވް ބަލިވެއްޖެއްޔާ ކިހާ އުނދަގޫވާނެ ގެންގުޅެން” އަސްމަހާނު ބޭނުންވީ ޝަދަފުގެ ސިކުނޑިން އޭނާ ކުރަން އެއުޅެނީ ކަންތަކުގެ ޚިޔާލު ބޭރުކޮށްލުމެވެ. ޝަދަފު ވެސް އިތުރަށް މަންމައާ ޖަދަލުކުރާކަށް ބޭނުމެއްނުވިއެވެ. އެހެންނަމަވެސް ޔޫޝައުގެ ކޮޓަރިއަށް ވަނުމުގެ ޚިޔާލެއް އޭނާ ދޫކޮށެއްނުލައެވެ. އެންމެންނަށް ސިއްރުން އޭނާ އެކޮޓަރިއަށް ވަންނަން ނިންމިއެވެ.

ފަޒާގައި ހަރުލާފައި ހުރި ތެތްފިނިކަން ކަނޑުވަމުންދިޔައީ އަރައިގެން އައި އިރުގެ ހޫނުކަން އެކުލެވިގެންވި ރަން ދޯދިތަކުންނެވެ. ވަރަށް ރަނގަޅަށް ލޯހުޅުވައިގެން ހުރެ މަޑުހިނގުމުގައި ވަށައިގެން ނަޒަރު ހިންގަމުން ޝަދަފު އައިސް ރާޅުގަނޑު ސަރަހައްދުގެ ތޮށި ކައިރީ މަޑުކޮށްލިއެވެ. ލައިގެން ހުރި ޓްރެކްސޫޓުގެ ދެޖީބަށް އަތްޖަހާލައިގެން ރާޅުތަކުގެ ސަކަރާތަށް ގެއްލިފައި ހުރި ޝަދަފަށް ފިރިހެނަކު ގޮވާލީ އެތަނުގައި އޭނާ ހުންނަތާ ބައިގަނޑިއިރު ވީފަހުންނެވެ. ވަގުތުން ޝަދަފު ފަސް އެނބުރި ބަލާލިއެވެ.

ކާރުގެ ދޮރުފަތުގެ ބިއްލޫރިގަނޑު ތިރިކޮށްލައިގެން އިން ޒުވާނާއަށް ޝަދަފު ބަލާލީ ފާޑަކަށެވެ. ކާރު ދުއްވަން އިނީ ޚުދު އެޒުވާނާކަމަށް ވީތީ އެކަން ޝަދަފަށް ފާހަގަކުރެވުނެވެ. އެއްޗެއް ނުބުނެ ހުންނަން ފެށުމުން އެޒުވާނާ ކާރުން ފައިބާ ދޮރުފަތްލައްޕާލުމާއެކު ޝަދަފަށް އަތްދިއްކޮށްލީ ސަލާމްކޮށްލުމަށެވެ.

“އަހަންނަށް ކިޔަނީ ނަވާލު” ހިނިތުންވެލައިގެން ހުރެ ނަވާލު ބުންޏެވެ. ޝަދަފު، ނަވާލު ދިއްކޮށްލި އަތުގައި ހިފާލިއެއްކަމަކު އޭނާގެ މޫނުމަތިން ފެންނަނީ ހައިރާންކަމެވެ. ނަމަވެސް ނަވާލަކީ އޭނާއަށް މެސެޖު ފޮނުވާ މީހާ ބާއޭ ޝަދަފުގެ ހިތަށް ވަގުތުން އެރިއެވެ. އަދި އޭނާ ހީކުރިގޮތާ ޚިލާފަށް ނަވާލުގެ ފަރާތުން މަކަރުވެރިކަމާއި ފައިސާއަށް ދަހިވެތިވެފައިވާ މީހެއްގެ އެއްވެސް އިޝާރާތެއް ނުފެނެއެވެ.

“ޝަދަފު، ތީ ކާކުކަމެއް ނޭނގުނު” ޝަދަފު މިހެން ބުނުމުން ދެންވެސް ލުއި ގޮތަކަށް ނަވާލު ހީނލީއެވެ. ފެންނަ ފެނުމަށް ހިތްހެޔޮ ގޮތެއް ނަވާލުގެ ފަރާތުން ޝަދަފަށް ފާހަގަވިއެވެ. ހަމައެއާއެކު ކުރިން ފެނިފައިހުރި ފަދަ ގޮތެއް ނަވާލުގެ މޫނުމަތިން ޖެހީ ކީއްވެކަމެއް އޭނާއަކަށް ނޭނގެއެވެ.

“އަހަރެން ފެނުނިއްޔާ އެނގޭނެހޭ ނާހަންތަ، މިހާރު މިހިރީ ކުރިމަތީގައި، ޤަބޫލެއްނުކުރެވުނު ދޯ، އިހަށް މިޖެހުނީ އަހަންނަކީ ކާކުކަން ޑިފީއަށް ބުނެދޭކަށްނު، އެގޮތް ވެސް އެންމެ ރަނގަޅޭ، މީހަކު އައިސް ބުނާހާ އެއްޗެއް ކޮންމެހެން ޤަބޫލުކުރާކަށް ވެސް ނުޖެހޭނެ، މިހާރު ހުރިހާ ކަމަކަށްވެސް ހެކި ބޭނުންވޭ، އެހެންނު، އަން! މިއޮތީ އަހަރެންގެ ޑްރައިވިންގ ލައިސެންސް، މީގެން އަހަންނާ ބެހޭ މަޢުލޫމާތު އޮޅުން ފިލާނެ” ބިއްލޫރިގަނޑު ތިރިކޮށްލާފައި ހުރި ދޮރުފަތުން ކާރުގެ ތެރެއަށް އަތްވައްދާލާފައި އޭނާ ނެގީ ވޮލެޓެވެ. އަދި އޭނާއަކީ ކާކުކަން ބުނެދޭން މަސައްކަތްކުރިއެވެ. ހަމައެކަނި ޑްރައިވަރ ލައިސެންސުން ނަވާލު ނިންމާލީއެއްނޫނެވެ. އޭނާ ޖީބުން ނެގި ފޯނުން ޝަދަފުގެ ނަންބަރަށް މެސެޖެއް ވެސް ފޮނުވާލިއެވެ. އިތުރަށް ޝަދަފަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އަމިއްލަ ފޯނަށް އެވަގުތު އައި މެސެޖު ބަލާލުމުން އޭނާއަށް މެސެޖު ކުރަމުން އައީ ނަވާލުކަން އެނގިއްޖެއެވެ.

“މިހުރިހާކަމެއް ކުރުމުގެ ބޭނުމަކީ ކޮބާ؟، ކިހިނެއް އަހަރެން މިތާ ހުރިކަން އެނގުނީ، އެކަކު ގާތު ވެސް އަހަރެން ނުބުނަން މިތަނަށްކަމެއް އަންނަނީ” ޝަދަފު އަދިވެސް ހުރީ ހައިރާންވެފައެވެ.

“އެހެރީނު މީހެއް، އެއީ އަހަންނަށް މަސައްކަތްކޮށްދޭ މީހެއް، އަހަރެން ޝަދަފުގެ ކަންތައް ބަލަނީ އޭނާ ލައްވާ، ދުވާލަކަށް ފަސްހާސް ރުފިޔާ ދީގެން، އެއީ ތިރަޙުމަތްތެރިޔާއަށްޓަކައި އަހަންނަށް އެއްވެސް އެއްޗެއް ނޫން، އޭނާ ޑިފީގެ ފަހަތުން އުޅޭތާ މިހާރު މަހެއްހާ ދުވަސްވެދާނެ، ޑިފީ އާއްމުކޮށްދަނީ ކޮންކޮން ތަނަކަށްކަން އަހަންނަށް އެނގޭ، އަސްލު މިހާވަރަށް ފާރަލާންޖެހުނީ ސަބަބެއްނެތިއެއްނޫން” ނަވާލުމެންނާ ފުދޭވަރަކަށް ދުރުގައި ތޮށިގަނޑު މަތީ އިން ޒުވާނަކަށް އަތްހޫރާލާފައި ނަވާލު ބޮޑުވައި އިނގިލިއަރުވާލުމުން އެމީހާ ބޯޖަހާލަފައި އެތަނުން ދިއުމަށް ހިނގައިގަތެވެ.

“ވަޓް، އެއީ ކީއްވެ، އެވަރަކުން އަހަރެން އުޅޭގޮތް ނަވާލު ބަލާކަށް، އަހަންނާ ނަވާލާ އޮތީ ކޮންގުޅުމެއް” ޝަދަފަށް ބޭއިޙްތިޔާރުގައި ފަހަތަށް ފިޔަވަޅު އަޅާލުމާއެކު އަހާލެވުނެވެ. އޭނާއަށް ނޭނގި އެހާ ގާތުން މީހަކު އޭނާގެ ކަންތައްތައް ބަލަމުން ދާކަން އެނގުނީތީ ފާޑަކަށް ޖެހިލުންވީއެވެ.

“އަހަރެންގެ ބައްޕަ އަސްލަމްއަކީ ކާކުކަން ޑިފީގެ ބައްޕައަށް އެނގޭނެ، ފެމެލީ ފްރެންޑްސްއަށް ނުވިޔަސް، ބިޒްނަސްގެ ދުނިޔޭގައި ތަރަފް އާއި އަސްލަމްއަކީ އަދިވެސް ރަޙުމަތްތެރިން، ހިނގާބަލަ އަހަންނާއެކު، ރަނގަޅުތަނެއްގައި ހަމަޖެހިލައިގެން ތިބެ އެންނު ވާހަކަދައްކާނީ، މީ އެހާ ފަސޭހައިން ދައްކާ ނިންމާލެވޭނޭ ވާހަކައެއްނޫން، އެއަށްވުރެ ކޮމްޕްލިކޭޓެޑް ވާހަކަތަކެއް” ނަވާލު މަގުގެ ދެކޮޅަށް ބަލާލާފައު ބުންޏެވެ. ނުގަވައިދުން އެހާ ގިނައިރުވަންދެން ކާރު ޕާކުކޮށްފައި ބާއްވަން އޭނާ ބޭނުންނުވަނީއެވެ. އަނެއްކޮޅުން އިރުގެ ހޫނުކަމުން މަގުތަށް ދޮންކުރަމުން ދިޔައިރު އަރަމުންދިޔަ ހޫނުއާތްވާ ކުރާ ލޮނުގެ އަސަރުން އެތަނުގައި ތިބުން ނަވާލަށް ކެތްވާވަރުކަމަކަށް ނުވަނީއެވެ.

“ޕްލީޒް، އަދިވެސް އަހަންނަށް ކުޑަކޮށްވެސް ޓަރަސްޓެއް ނުކުރާނަންތަ، އެޓްލީސްޓު އަހަރެންދައްކަން މިއުޅޭ ވާހަކަ އަޑުއަހާލެވިދާނެ އެންނު، އަހަރެންގެ އެއްވެސް މައްސަލައެއްނެތް ޑިފީ އަހަރެންގެ ވާހަކަތައް އަޑުއެހުމަށްފަހު އަހަންނާ ދުވަހަކު ވެސް ބައްދަލުނުކުރިޔަސް، އަދި އަހަރެންވެސް ޑިފީއަށް އުނދަގޫވާ ފަދަކަމެއް ނުކުރާނަން، އެހެންވީމަ އަހަންނަށް އެންމެ ފުރަޞަތެއްދޭންވީނު” ނަވާލު ކާރާ ދިމާލަށް ހިނގައިގަތުމުން ވެސް ޝަދަފު ހުރި ފިޔަވަޅު މަތީ ހުރިތަން ފެނި އޭނާއާ ދިމާލަށް އެނބުރިލި ނަވާލު ބުންޏެވެ. އެއާއެކު ޝަދަފު މަޑުމަޑުން އައިސް ނަވާލުގެ ކާރަށް އެރިއެވެ.

ދެމީހުން އެކުގައި ދިޔައީ އާއްމުކޮށް ކޮފީ ބުއިމަށް ނަވާލު، ޝަދަފު ގޮވައިގެންދާ ރެސްޓޯރެންޓަށެވެ. އެތަނުގެ ވައިވަންނަގޮތަށް ހުޅުވާލެވިފައި ހުރި ބަޔަށް އެދެމީހުން އެރިއެވެ. އޭރު މުޅިތަން އޮތީ ފަޅަށެވެ. ބޭނުން މޭޒެއްގައި އެމީހުންނަށް އިށީނުމުގެ ފުރުޞަތުއޮތެވެ. ނަމަވެސް ނަވާލު ޚިޔާރުކުރީ އެމީހުން އާއްމުކޮށް އެތަނަށް އައިސްތިބޭ މޭޒ ދޮށެވެ. އެވެސް އޭނާގެ ގެއްލިފައިވާ ރަޙުމަތްތެރިޔާއަށް ހަނދާން އާކުރުވާނޭ ކަމަކަށް ވެދާނެއޭ ހިތާއެވެ.

“ކިހިނެއްވީ، ކޯންޗެއް ތިހޯދަނީ، ޑިފީ ހަނދާން އެބަހުރިތަ މިތަން، މި މޭޒު” ޝަދަފުގެ ހަރަކާތްތައް ހުރިގޮތް ފެނިފައި ގޮނޑީގައި އިށީން ނަވާލު އަހާލިއެވެ.

“ނޭނގެ، ދެން ބުނަން ތިއުޅޭ ވާހަކަ އަވަހަށް ބުނެބަލަ” ޝަދަފަށް ހީވީ ނަވާލު އޭނާގެ ސިކުނޑިއާ ކުޅެން އުޅެނީ ކަމުގައެވެ. އެހެންވެ އެކަމަށް ސަމާލުވެލަމުން ސީދާ އެތަނަށް އެދެމީހުން އައި މަޤުޞަދު އެނގެން ބޭނުންވިއެވެ.

“ވަރަށް ދެރަވޭ މިވާހަކަތައް ދައްކަން، އެކަމަކު އިތުރަށް އަހަރެންގެ ދޫހިމޭންކޮށްގެން ހުރުމަކީ އިންސާފުވެރިގޮތެއްނޫން، ކޮންމެވެސް މީހަކު އެބަޖެހޭ ޑިފީއަށް ހަޤީޤަތް ކިޔައިދޭން ވެސް، ކަންތައްތައް މިދަނީ ގޯހުން ގޯހަށް، ޑިފީގެ ޢާއިލާއެއްކަމަކު އެމީހުން ކަންތައްއެކުރަނީ ރަނގަޅަކަށްނޫން، އެއްވެސް މަންމައަކު ދަރިއެއްގެ އުފާތަކަށް ހުރަސްއަޅާނަމަ އެމަންމައެއްގެ ހިތުގައި މައިވަންތަކަމުގެ ލޯބި ނުވަނީ…. އަހަންނަކަށް ހިޔެއްނުވޭ އެއްވެސް މަންމައަކު މިފަދަ ބޮޑު އޮޅުވާލުމަކުން ދަރިއަކަށް އޮޅުވާލަފާނެއެކޭ” ނަވާލުގެ ވާހަކަމެދުކަނޑާލީ ޝަދަފެވެ

“އަހަރެންގެ މަންމައަށް އެކަކުވެސް އިންސަލްޓުކުރާ އަޑު އަހާކަށް އަހަރެން ބޭނުމެއްނޫން، ތިނޫން ވާހަކައެއް އޮތިއްޔާ މިހާރު ބުނޭ، ނޫނީ އަހަރެން ތިވާހަކަތައް އަޑުއެހުމުގެ އެއްވެސް ޝައުގުވެރިކަމެއްނެތް” ޝަދަފު ހަރުކަށިގޮތަކަށް ބުނެލިއެވެ.

“މައްސަލައެއްނެތް، އަހަރެންގެ ހިތުގައިވާއެއްޗެއް ދެނެއް ހާމައެއްނުކުރާނަން، އެކަމަކު ކަންތައްވީގޮތް ކިޔައިދޭނަން، ޑިފީގެ އެކްސިޑެންޓަށްފަހު ތިހިރީ ހަޔާތުގެ ބޮޑުބައެއްގެ މަތިން ހަނދާންނެތިފައި، އަސްލު ހަނދާންކޮށްދޭނެ މީހަކު ވެސް ނެތީ، އެންމެންވެސް ބެލީ އެކަމުން ފައިދާނެގޭތޯ، އެމީހަކު ބޭނުންވާގޮތަށް ޑިފީ އަނބުރާލަން ބޭނުންވީ، ވާޖަހައިގެން އެހެންމީހުން ބޭނުންވާ ގޮތަކަށް ހަރަކާތްކުރުވާ ކުޅޭކުޅޭ ބުދެއްހެން ޑިފީ ތިއުޅެނީ، އެއްފަހަރު ވެސް އަމިއްލަ ހިތާ ސުވާލުކޮށްލިންތަ، ތިމާ ބޭނުންވަނީ ކޮންގޮތެއްކަން، އޭރު ޑޮކްޓަރުން ވެސް ބުނީ އެއްފަހަރާ ކުރީގެ ހަނދާންތައް އިޔާދުކުރުވުމަށް މަސައްކަތްނުކުރާށޭ، ފަހަރެއްގައި އެހެން ހަދައިފިނަމަ ނޭދެވޭ އަސަރެއް އެކަމުން ކޮށްފާނެއޭ، އެދުވަހަށްފަހު އަހަރުމެން ދެމީހުންގެ ރަޙުމަތްތެރިކަމަށް ނިމުންއައީ، ގާތް ރަޙުމަތްތެރިއަކު ގެއްލުނީތީ އެކަމާ ހިތާމަކުރަން، އެކަމަކު އަހަންނަށްވުރެ ބޮޑު ހިތާމައަކާ ހިތްދަތިކަމެއް ޑިފީ ތިހިރީ އެހެންމީހަކަށް ދީފައިކަން އެނގޭތަ، ޑިފީއަކީ އަންހެން ކުއްޖަކަށް ދުވަހަކުވެސް ދެރައެއްދިން މީހެއްނޫންކަން އަހަންނަށް އެނގޭ، އެކަމަކު މިއަދު ޑިފީ ތިހިރީ ދުވަހަކު ވެސް އަންހެން ކުއްޖެއްގެ ހިތުގައި ނުޖެއްސޭނޭ ވަރަށް އެއަންހެއްކުއްޖާގެ ހިތްހަލާކުކޮށް އެކަނިވެރިކޮށްލާފައި، އޭނާގެ ހުރިހާ ވެސް މީހަކީ ތީ، މިއަދު އެފަކީރުގެ އެކަކު ވެސް ނެތް، ފުރާނަ ގެންދަވާ ވަގުތު ނުޖެހޭތީ އޭނަ މިދުނިޔޭގައި ހަމައެކަނި ދިރިހުރިކަން، އެކަމަކު އެއްވެސް ރޫހެއްނެތް، އެދިރުން ކަނޑާލި މީހަކީ ތީ….” ނަވާލުގެ ވާހަކައިން ކުއްލިއަކަށް ޝަދަފުގެ މޫނުގެ ކުލަ ބަދަލުވެގެން ދިޔައެވެ. އަދި އޭނަގެ ހިތާ ސިކުނޑިން “ޢިޒްވާ” ގެ ނަން ކިޔާލިއެވެ. އަނެއްކާ އެއީ ޢިޒްވާ ބާއޭ ޝަދަފުގެ ހިތަށް އެރިއެވެ. އިޙްސާސްތައް ފޮރުވަން މަސައްކަތް ކުރިނަމަވެސް ކުރަމުން އައި ދިގު އިންތިޒާރަށް ނިމުމެއް އަތުވެދާނެކަމުގެ އިޝާރާތެއް މިވީ ފުރަތަމަ ފަހަރަށެވެ. އެހެންވީރު އިތުރަށް ދެން މަޑުކުރަންވީ ކޮންކަމާހެއްޔެވެ.

“ނަވާލު…. ނަވާލު، އަހަންނަށް ތަންކޮޅެއް ރަނގަޅަށް ސާފުވާނޭހެން ތިވާހަކަތައް ކިޔައިދީފާނަންތަ، އަހަންނަށް ހަޤީޤަތްވަނީ އޮޅިފައި، އެކަން އަހަރެން ޤަބޫލުކުރަން، އަހަރެންގެ ހަޔާތުގެ ސަފުހާތަކުން ބައެއް މަދުކަން އަހަންނަށް ފާހަގަކުރެވެން ފެށިތާ ދުވަސްތަކެއް ވެއްޖެ، އެކަމަކު މިވާހަކަތައް ދައްކަން އަހަރެން ޖެހިލުންވީ މިކަން ޤަބޫލުކުރާނޭ މީހަކު ނުހުންނާނޭ ހިތަށް އަރާފައި، ހުވަފެނެއްހެން ފެންނަ އެމަންޒަރުތައް ރާވާ އަތުރަން އަހަރެން ވަރަށް މަސައްކަތްކޮށްފިން، އެއީ ކޮން އަންހެންކުއްޖެއް ކަމެއް، އަދި އެފެންނަ ކުޑަ ފިރިހެންކުއްޖަކީ ކާކުކަމެއް އަހަންނަކަށް ނޭނގޭ، މިހާތަނަށް އަހަންނަށް އެނގުނު އެއްޗަކީ އަހަންނަށް ހޭލާ ހުންނައިރުއާ ނިދާފައި އޮންނައިރު ފެންނަ އަންހެން ކުއްޖާއަށް ކިޔަނީ ޢިޒްވާކަން، އަދި އެގޮތްނޭނގޭ ކުޑަފިރިހެން ކުއްޖާއަށް ކިޔަނީ މިރާންކަން، ނަވާލަށް އެއީ ކޮންބައެއްކަން އެނގޭތަ؟ އަހަންނަށް ނަވާލަކީ ކާކުކަމެއް ވެސް ބުނާކަށް ނޭނގޭ، އެކަމަކު ފެނުނުހެން ހީވޭ، ދުރު ހަނދާނަކުން ތިމޫނު ފެނިފައިވާކަން އަހަރެންގެ ސިކުނޑި ޤަބޫލުކުރޭ، ނަވާލު ނޫނީ އަހަރެންގެ ހަނދާންތަކާ ބެހޭގޮތުން ވާހަކަދައްކާނެ މީހަކު މިހާތަނަށް ދިމައެއްނުވޭ، އެންމެން ވެސް އުޅެނީ އަހަންނަކީ ބަލިމީހަކަށް ހަދައިގެން، ހަނދާންތައް އެނބުރި އަތުވެދާނެތީވެ އުޅޭފަދައަކުން، މިހާރު އަހަންނަށް ވެސް ޤަބޫލުކުރެވޭ ނޭނގޭ ސިއްރުތަކެއް އަހަރެންގެ ދިރިއުޅުމާ ގުޅިފައިވާކަން… އެހެންވީމަ ޕްލީޒް، ދޮގު ނުހަދާ ނަވާލަށް އެނގޭ އެއްޗެއްވިއްޔާ އަހަންނަށް ތެދަށް ކިޔައިދީފާނަންތަ؟” ޝަދަފު ކެތްތެރިކަން ކުޑަވެފައިވާ މިންވަރު ނަވާލަށް ފެނުމުން އޭނާގެ މޫނުމަތިން ހިތްހަމަޖެހުމުގެ ލުއިލުއި ހިނިތުންވުމެއް ފެނިގެންދިޔައެވެ.

“ދޮގު ހަދަން ބޭނުންނަމަ މިހާ ދުވަސްވީއިރު ވެސް މިވާހަކަތައް ޑިފީއަށް ސިއްރުކޮށްގެން ހުރެވުނީސް، އެކަމަކު އަހަންނަށް އެގޮތަށް ކަންތައްކުރާކަށް ކެތެއްނުވި، ޑިފީ ބޭނުންތަ ޢިޒްވާއާ މިރާންއަކީ ކޮންބައެއްކަން އެނގެން، އަހަރެން އެމީހުންގެ ވާހަކަ ބުނިއްޔާ ޤަބޫލުކުރާނަންތަ؟ ހަމަގައިމު ވެސް އަހަރެން ޑިފީއަށް އެއްވެސް އޮޅުވައެއްނުލާނަން، އަހަންނަކީ ޑިފީގެ ކިހާ ގާތް ރަޙުމަތްތެރިއެއްކަން އެނގެން ބޭނުންނަމަ ޒައުލްއާ ސުވާލުކުރޭ، މިއަދު އަހަރެން ޑިފީއަށް ކިޔައި މިދޭ ހުރިހާ ވާހަކައަކަށް އޭނާ ހެކިވާނެ، ހަމަގައިމުވެސް އަހަންނަކީ ކާކުކަން ޑިފީއަށް ނޭނގުނަސް ޒައުލްއަކީ ޑިފީ ކިހާ އިތުބާރުކުރާ ރަޙުމަތްތެރިއެއްކަން އަހަންނަށް އެނގޭ” ނަވާލުގެ ވާހަކަ ކުޑަކޮށް މަޑުކޮށްލީ ވެއިޓަރު މީހާ އައުމުންނެވެ. ދެކޮފީތަށި ގެނައުމަށް ނަވާލު ބުނެ ވެއިޓަރު މީހާ އެތަނުން ފޮނުވާލާފައި އަނެއްކާވެސް ޝަދަފަށް ބަލާލިއެވެ. މިއަދު ނަވާލަށް ޝަދަފުގެ ހާލު އެނގި އޮޅުންފިލައިފިއެވެ. އޭނާ ހަނދާންތައް އާކުރަން މަސައްކަތް ނުކުރެއޭ ބުނެވޭކަށްނެތެވެ. ޝަދަފަށް ވީވަރަކުން އޭނާ ޢިޒްވާ ހޯދަން ބޭނުންވެއެވެ. މިއަދު އެންމެ ބޮޑަށް ނަވާލު އުފާވަނީ ޝަދަފަށް “ޢިޒްވާ އާއި މިރާން” ގެ ނަން އެނގޭތީއެވެ. ނަމަވެސް ދެރަވީ މިހާ ދުވަހަކު ޝަދަފަށް މިވާހަކަތައް ކިޔައިދޭން ބޭނުންވެ އެކަމަކު އެކަން ނުކުރެވި ފަސްކުރެވުނީތީއެވެ. އެހެންވިޔަސް ނަވާލު ހިތްހަމަޖައްސާލީ ކޮންމެ ކަމަކަށްވެސް ވަގުތެއް ކަނޑައެޅިފައިވާކަން ހިތަށް އަރުވާލަމުންނެވެ. ފަހަރެއްގައި މިއީ ޝަދަފަށް ހުރިހާކަމެއް އެނގެންވީ ވަގުތުކަމަށްވުން ވެސް ވެދާނެކަމުގައި ޤަބޫލުކޮށްލަމުންނެވެ.

“ޒައުލް… ކީއްވެބާ އޭނާ އަހަރެން ގާތު އެއްވެސް ވާހަކައެއް ނުދައްކަނީ، ނަވާލަކީ ކާކުކަން އޭނާއަށް އެނގޭ، އަހަންނަށް ހަނދާންތައް އިޔާދަކުރުމަށް އޭނާ އެހީތެރިނުވީ ކީއްވެބާ؟” ވިސްނަމުންދިޔަ ޝަދަފު ބުންޏެވެ.

“ޒައުލްއާ ޑިފީގެ ޢާއިލާ މީހުން މައްސަލަޖެހުނީ އެކްސިޑެންޓަށްފަހު، ތިގެއަށް ޒައުލް ނުދަނީ އެހެންވެ، ޑިފީ، ހުރިހާ ވެސް މައްސަލައަކީ އެއީ، ޑިފީ މިދުނިޔޭން ވެސް ލޯބިވީ އެންމެ އަންހެން ކުއްޖެއް ދެކެ، ނަމަވެސް ތަޤުދީރުގައި ތިދެމީހުންނަށް އުފާވެރި ދިރިއުޅުމެއް ލިބުމެއްނުވާފަދަ، ޢިޒްވާއަކީ ޑިފީގެ ލޯބި، މުޅި ދިރިއުޅުން…” ޖެހިލުންވެފައި އިނދެ ނަވާލު ބުންޏެވެ.

“ޢިޒްވާ…” މަޑުމަޑުން ޝަދަފަށް ޢިޒްވާގެ ނަންކިޔާލެވުނީ އަސަރާއެކުއެވެ.

“އާން! ޢިޒްވާއަކީ ޑިފީގެ ފުރަތަމަ ލޯބި، އަދި އަލަތު އަނބިމީހާ، ދެން ބުނީ މިރާންގެ ނަން، އެއީ… އެއީ ތިދެމީހުންގެ ލޯބީގެ ފޮނިމޭވާ، ޑިފީގެ ފުރަތަމަ ދަރިފުޅު، ހަނދާންކޮށްބަލަ ޑިފީ، އަހަންނަށް އިޒޫގެ ވާހަކަ ކިޔައިދީނީ މިމޭޒުގެ ދޮށުގައި ތިބެ، ޢިޒްވާގެ މަންމަ ނިޔާވީ، އޭނާގެ ބޮޑުބޭބެ އުޅުނީ އޭނާ ރަށަށްގެންދަން، ހަނދާންކޮށްބަލަ ޑިފީ، ބެލްކަނީގައި ސިއްރުން އިޒޫއަށް ބަލަން ނުހުންނަންތަ؟، އިޒޫ ޖަހާލަފައި ހުންނަ ބޮޑު ހުޅީގެ ވާހަކަ ޑިފީ އެންމެ ގިނައިން ދައްކާނީ، ޑިފީ ކިޔެވުންނިންމާފައި މާލެ އައިރު ގޭގައި ޑިފީގެ އުފަންދުވަހުގެ ހަފްލާއަށް ތައްޔާރުވަނީ، އެރޭ ފުރަތަމަ ފަހަރަށް ޑިފީ އާއި އިޒޫ ދިމާވީ، ޑިފީގެ އަތުން އިޒޫގެ ފޯނު ހަލާކުވި ވާހަކަ ބުނީމެންނު، އަހަންނާ ޒައުލްއާ ދެމީހުން ވެގެން ޑިފީގެ ކައިވެނި ރޭވީ، ކުޑަކޮށް ވެސް ޑިފީ ހަނދާނެއްނެތްތަ؟ އިޒޫގެ ބޮޑުބޭބެއަށް ޑިފީގެ ކާރުވެސް ދިނީމެންނު… ބަލާބަލަ… މިހިރީ އަހަރެންގެ ފޯނުގައި އޭރުގެ ފޮޓޯތައް، އަދި ގޭގައި ހުންނާނެ އެދުވަހު ނެގި އިތުރު ފޮޓޯތައް، ހަމަގައިމުވެސް މިފޮޓޯތައް ދޮގެއްނުބުނާނެއެންނު، ބަލާބަލަ ޑިފީ، ތިދެމީހުން އެކަކު އަނެކަކުދެކެ ލޯބިވާވަރު މިފޮޓައަށް ބަލާލި މީހަކަށް ވެސް ސިއްރެއްނުވާނެކަން ޔަޤީން، އިޒޫ އެދުވަހުހާ އުފާވެފައި ހުއްޓާ އަހަރެން ނުދެކެން، މިފޮޓޯތައް ފޯނަށް އަޅަންޖެހުނީ އަހަރެންގެ ވާހަކަތައް ޤަބޫލުކުރަން ޑިފީއަށް ދަތިވާނޭކަން އެނގޭތީ، ފަހަރެއްގައި މި ފޮޓާތައް ޑިފީއަށް ފެނުމުން ހަނދާންތައް އާވެދާނެޔޭ އަހަންނަށް ހީވީ… އަޅެ ބުނެބަލަ، ކުޑަކޮށް ވެސް އޭރުގެ ހަނދާނެއް ނެތްތައް” ކެތްތެރިކަން ކުޑަވެފައި އިންފަދަ ގޮތަކަށް ނަވާލު އަހާލިއެވެ.

އަނގައިން ބަހެއް ބުނުމުގެ ބަދަލުގައި އެސްފިޔަ ޖަހާލުމެއްނެތި ޝަދަފު ބަލަމުން ދިޔައީ ނަވާލުގެ ފޯނުގައި ހުރި ފޮޓޯތަކަށެވެ. ސިކުނޑީގެ ނާރުތައް ފިތެމުންދާ ފަދަ އިޙުސާސެއް އޭނާއަށް ކުރެވެމުންދިޔައިރު ހަނދާންތައް އާކުރުމަށް އޭނާ ބާރުލަމުން ދިޔައެވެ. ފުންނޭވާއެއް ލުމާއެކު ޝަދަފު ނިތްކުރީގައި ހިފަހައްޓާލުމުން އޭނާގެ ކުރިމަތީ އިން ނަވާލު ކަންބޮޑުވިއެވެ.

“ޑިފީ…” ނަވާލު ގޮވާލިއެވެ. ނަމަވެސް ޖަވާބެއް ނުދީ ގޮނޑިން ތެދުވެގެން އައިސް އެއްފަރާތުގައި މަޑުކޮށްލީ ދުރަށް ނަޒަރު ހުއްޓާލަމުންނެވެ. އެހިނދު ޝަދަފަށް ހީވީ މުޅި ދުނިޔެވެސް އޭނާގެ ވަށައިގެން އެނބުރިގަތް ހެންނެވެ. ކުއްލިއަކަށް ކަންފަތަށް އިވެންފެށީ ބަޔަކު ވާހަކައްދައްކާ އަޑެވެ. ދެލޯ މަރާ ބާރުކޮށްލުމާއެކު އޭނާއަށް އިވެމުންދިޔަ އަޑުތަކަށް ސަމާލުކަން ދިނެވެ. ދައްކާ ވާހަކަ ސާފުވުމާއެކު ކުއްލިއަކަށް ލޯހުޅުވާލެވުނީ އެއީ ކޮންބައެއްކަން އެނގިގެން ކަހަލަ ގޮތަކަށެވެ. އެއާއެކު ޝަދަފުގެ ކުރިމަތީ ބޮޑުމަންޒަރު ސިފަވެގެން ދިޔައެވެ. މީގެ ކުރިން އޭނާއަށް ވާނުވާނޭނގި ހުވަފެނެއްހެން ފެންނަމުންދިޔަ މަންޒަރުތަކުގެ ތަންތަންކޮޅު އެއްމަންޒަރު އަނެއްމަންޒަރާ ގުޅިލާމެހެމުންދިޔައެވެ. ހަޤީޤަތް އޭނާގެ ކުރިމަތީ ނިއުޅެމުން ހާމަވަމުންދިޔަވަރަކަށް ޝަދަފަށް ކުރި އަސަރު ބޮޑެވެ. އެއްވެސް ހިފެހެއްޓުމެއްނެތި ޝަދަފުގެ ދެލޯ ކަރުނުން ފުރިބަންޑުންވެއްޖެއެވެ. ހޭވެރިކަމެއް ޝަދަފަށްވީ ނަވާލު އޭނާގެ ކޮނޑުގައި ދެފަރާތުން ހިފާ ތަޅުވަނިކޮށެވެ.

“ޑިފީ، ނޭފަތުން ތިއޮއް ލޭއަންނަނީ” ޓިޝޫތަކެއް ދިއްކޮށްލި ނަވާލު ބުންޏެވެ. އެއާއެކު ރޮވިފައި ހުރި ޝަދަފަށް ނޭފަތުގައި އިނގިލި ޖައްސާލެވުނެވެ. ޝަދަފުގެ ސިކުނޑީގެ ނާރުތަކަށް ބާރުކުރިވަރުން ނޭފަތުން ލޭއައީއެވެ. ނަވާލު އަވަސް އަވަހަށް ޝަދަފު ގެނެސް ގޮނޑީގައި ބޭންދިއެވެ.

“އައެމް ސޮރީ، މަޖުބޫރުކޮށްގެން ޑިފީ ލައްވާ ކަމެއްކުރުވާކަށް ނޫން އަހަރެން އުޅުނީ، އަހަރެން ބޭނުންވަނީ ޑިފީއަށް ހަޤީޤަތް އެނގެން، އަހަރެންގެ އެކުވެރިޔާގެ މައްޗަށް ބަޔަކު އަނިޔާވެރިވިކަން އޭނާއަށް އަންގައިދޭން، މިފަދަ ގޮތެއްވާކަށް ނޫން، ގެއްލިފައިވާ ހަނދާންތައް އާކޮށްގެން އިތުރު ގެއްލުމެއް ޑިފީއަށް ވާކަށް އަހަރެން ބޭނުމެއްނޫން” ކަންބޮޑުވެ ހާސްވެފައި އިން ނަވާލު ބުނެލިއެވެ. އެހިނދު މޭޒުމަތީ އޮތް އޭނާގެ އަތުގައި މަޑުމަޑުން ޝަދަފު ޖަހާލިއެވެ. އެވަގުތު ނަވާލަށް ޝަދަފުގެ މޫނުމަތިން ފެނިގެންދިޔައީ ތަފާތު ހިނިތުންވުމެކެވެ.

“އަހަންނަށް ކަމެއްވެދާނެތީ ނަވާ ތިކަންބޮޑުވަނީ ހާދަ ވަރަކަށޭ، އަހަންނަށް ކަމެއްނުވެޔޭ، ނޭފަތުން ފައިބާހާ ލޭގިނަވީކަންނޭނގެ” ޝަދަފުގެ ސަމާސާ ވާހަކައިން ނަވާލު އަޖައިބުވެ އަންތަރީސްވިއެވެ.

“ހުރިހާ ކަމެއް އަހަންނަށް އެނގުނީމަ މިހާރު އެކަމާ ރިގްރެޓްވަނީތަ” ނަވާލު އެއްޗެއް ނުބުނުމުން އަނެއްކާވެސް ޝަދަފު ވާހަކަދެއްކިއެވެ.

“އޯ މައި ގޯޑް، އަލްހަމްދުއްލިއްލާހި، ތީ ހަމަ ޑިފީތަ، އައި މީން….” ރަނގަޅަށް ވާހަކަ ވެސް ނުދެއްކުނު ނަވާލު ގޮނޑިން ތެދުވުމާއެކު އޭނާއާއެކު ޝަދަފު ވެސް ތެދުވިއެވެ. އެއާއެކު ދެޒުވާނުން ހެމުން ކަހަލަ ގޮތަކަށް އެކަކު އަނެކަކުގެ ގައިގާ އޮޅުލައިގަތީ ޒަމާންތަކެއް ފަހުން ބައްދަލުވި ދެރަޙުމަތްތެރިން ފަދައިންނެވެ.

“ނަވާ، އަހަރެންގެ އެކްސިޑެންޓަށްފަހު ކަންތައްވީގޮތް ކިޔައިދީބަލަ، ކީއްވެތަ އިޒޫ އަހަރެން ގާތަށް ނައީ، މިރާން ކޮބާތަ؟ މިހާރު ހާދަ ބޮޑުވެފައޭ ހުންނާނީ، އެކުއްޖާ އަހަރެންގެ މަތިން ހަނދާންނުކޮށެއްނުހުންނާނެ، ޔަޤީން އަހަރެން ހޯދަން މަސައްކަތްކުރާނެ، އަނެއްކާ މަންމަމެން އިޒޫ އަހަންނާ ބައްދަލުވިޔަ ނުދިނީތަ؟ ނޫނީ އިޒޫއަށް ކަމެއްވީތަ؟ ކިޔައިދީބަލަ” ޝަދަފު ގޮނޑީގައި އިށީނދެ ހަމަޖެހިލުމާއެކު ނޭފަތަށް ޖަހާފައި އޮތް ޓިޝޫކޮޅު ނައްޓާލަމުން ސުވާލުކުރަން ފެށީ އެއްފަހަރާ ހުރިހާ ކަމެއް އެނގެން ބޭނުންވެފައި އިނދެއެވެ.

“ޑިފީ، ހުރިހާ ކަމެއް ބަދަލުވެއްޖެ، އިޒޫ ވެސް ބަދަލުވެއްޖެ…” ނަވާލު މިހެން ބުނަންވާއިރަށް ޝަދަފު ވާހަކަދެއްކިއެވެ.

“ނޫން! އިޒޫ އަހަރެން ފަދައިން މީހަކާ އިނދެ ދަރިއަކު ހޯދީއޭ ނުބުނާތި، އިޒޫއަކީ އަހަރެންގެ މީހެއް، އަހަރެންގެ ފުރަތަމަ ލޯބި، އަދިވެސް އަހަރެން ލޯބިވަނީ އިޒޫދެކެ” ޝަދަފު ވާހަކަދައްކަމުން ދެފަރާތަށް ބޯހޫރާލިއެވެ.

“ތިކަހަލަ ވާހަކައެއް ބުނާކަށް ނޫން މިއުޅެނީ، ތެދަށް ބުނަންޏާ އިޒޫއަކީ ޑިފީގެ އަނބިމީހާއެއްނޫން، އޭނާ ވަރިކުރީ ޑިފީ، ތިދެމީހުންގެ ދެމެދަށް ބޮޑު އިންގިލާބެއްވަނީ އައިސްފަ” މިފަހަރުވެސް ނަވާލުގެ ވާހަކަތައް ޝަދަފު މެދުކަނޑާލީ ކަންބޮޑުވެފައި އިނދެއެވެ.

“ކޮންއިރަކު، އަހަރެން އިޒޫ ވަރިކުރާނެތެ، އަޅެ ނަވާއަށް ޤަބޫލުކުރެވޭތަ އަހަރެން އެކަހަލަ ކަމެއް ކޮށްފާނެއޭ، ތީބޮޑު އޮޅުވާލުމެއް، ދުވަހަކުވެސް އަހަރެން އިޒޫއާ ވަކިވާކަށް ނުވިސްނަން، އެކަމަކު ތަޤުދީރުގައި ވާންއޮތް ކަމެއް އަހަރެން ކިހިނެއް ހުއްޓުވާނީ، އަހަރެން ވެސް ގަސްދުގައި އެކްސިޑެންޓެއް ނުވާނެ އެންނު، ހަނދާންނެތިފައި ހުރި މީހަކަށް ހެދިގެން އުޅުމުގެ ބޭނުމަކީ ކޮބާ؟ އިޒޫއަށް އެނގޭނެ އަހަރެން ހަމަހޭގައި ހުރެގެން އެކަހަލަ ކަމެއް ނުކުރާނެކަން” ޝަދަފު ފެންކަޅިވާގޮތްވިއެވެ.

“ތިކަން އެނގެޔޭ، ޑިފީ ކުރިކަމެކޭ އަހަރެން ބުނިންތަ؟، ނިކަން ހަމަޖެހިގެން ހުރިހާ ވާހަކައެއް އަޑުއަހާބަލަ، ކުރިކަމެއްވިއްޔާ ކުރީ ޑިފީގެ ޢާއިލާ، ޑިފީގެ އެކްސިޑެންޓާ ގުޅިގެން އެކަން ހިނގިގޮތް އަހަރެން އޮޅުންފިލުވިން، ފުރަތަމަ ހީކުރީ އެއީ ވެސް އެމީހުންގެ ރޭވުމުގެ ދަށުން ހިނގިކަމެއްކަމަށް، އެކަމަކު އެކަމުގައި އެމީހުންގެ އަތެއްނުވުމަކީ އެމީހުންގެ ކުށް އެންމެތަންފުކެއްވެސް ކުޑަވާނެ ކަމެއް ނޫން، ޑިފީގެ އެކްސިޑެންޓުގެ ސަބަބުން ތިޢާއިލާއަށް ލިބުނީ އެމީހުން ބޭނުންވެގެން އުޅުނު ކަހަލަ ރަނުގެ ފުރުޞަތެއް، އެމީހުން ޝަދަފު ގޮވައިގެން ފުރީ ވެސް އިޒޫއާ ދެމީހުން ދުރުކުރުވަންވެގެން، އޭރު އިޒޫއަށް ވެސް ވަރަށް ބޮޑަށް ހާނެއްކަވެފައި ހުރީ، ދެރައީ އެހުރިހާކަމެއް ހިނގިއިރު އަހަރެން މާލޭގައި ނެތްކަން، އަހަންނަށް އެނގުނުއިރު ވަގުތު ފާއިތުވެއްޖެ، ގިނަދުވަހެއްނުވޭ ޑިފީމެންގެ ވަކީލު އޮފީހަށް އައީ އިޒޫއާ ބައްދަލުވާނޭ ގޮތެއް ހޯދުމަށް، އޭނާގެ އަތުގައި އޮތް ސިޓީއުރަ އިޒޫ ނޫން މީހަކާ ހަވާލެއް ނުކުރި، އޭގައި އޮތީ ވަރީގެ ފޯމު، ޑިފީގެ ސޮޔަކާއެކު، އަހަރެން ވަރަށް މަސައްކަތްކުރިން، އެކަމަކު ޤާޟީ ހުރީ ވަރިކޮށްދޭގޮތަށް، އެއްގޮތުން ނުވިއްޔާ އަނެއްގޮތުން ވެސް އެމީހުން އެކަން ކުރަން ބޭނުންވީ، އެހެންވެ އެންމެފަހުން ކަންތައްނިމުނުއިރު އިޒޫއަކީ ޑިފީގެ އަންބެއްނޫން، އެމީހުން ޤަބޫލެއްނުކުރޭ މިރާންއަކީ އެޢާއިލާ ކުއްޖެއްކަމަކަށް، ޑިފީ ކުޑަކޮށްވެސް އެއްވެސް ކަމެއްމަތިން ހަނދާނެއްނެތް، އެދުވަހު އަހަރެން އިޒޫ އާއި މިރާން ގޮވައިގެން ޑިފީގެ ކުރިމައްޗަށް ދިޔަނަމަވެސް ވާނީ ކޮންކަމެއް، އެމީހުންނަކީ ކޮންބައެއްކަން ޑިފީއަށް އެނގުނީސްތަ، މިރާން އަބަދު ރޮނީ، ކުރީކޮޅު ކޮންމެވެސް ވާހަކައެއް ދައްކާލައިގެން އެކުއްޖާ ހައްލާލެވޭ، އެކަމަކު އެގޮތަށް އެކަން ކުރެވުނީ ކުޑަދުވަސްކޮޅަކު، އަބަދު ބޮޑާހާކާފަ ހުންނަނީ، އެހެން އުޅެނިކޮށް އެއްދުވަހު ސްކޫލުގައި ހުއްޓާ ގެއަށް ފޮނުވާލީ، އިޒޫ އަހަންނަށް ގުޅީ އެއްގޮތަކަށްވެސް މިރާންގެ ހުން މަޑުނުވެގެން، ހޮސްޕިޓަލަށް ގެންދިއުމުން އެނގުނީ ޑެންގޫކަން، އަވަހަށް އެކުއްޖާ ގޮވައިގެން އަހަރެން ބޭރަށް ފުރީ ފުރިހަމަ ގޮތެއްގައި އެކުއްޖާއަށް ފަރުވާދިނުމަށް، ޑިފީގެ ހަމައެކަނި ހުރި ހަނދާނަކީ އެއީކަމަށްވީމަ، އަދި އަހަރެންގެ އަތްމައްޗަށް ޑިފީ ދޫކޮށްފައިދިޔަ އަމާނާތައް ރައްކާތެރިވުމަށް، އެކަމަކު…. އިޒޫއަށް ހިތާމައަކަށްފަހު ހިތާމައެއްނޫނީ ނުލިބޭ، ތުއްތު މިރާންގެ ހާލު ދަށްވަމުންގޮސް އެކުއްޖާގެ ފަހު ނޭވާ ދޫކޮށްލީ އައި.ސީ.ޔޫގައި، ދިރިހުއްޓާ މީހަކު މަރުވެއްޖެކަން އަހަންނަށް އެނގުނު އިޒޫއަށް އެދުވަހު ވީގޮތުން” ނަވާލު ބުނި އެއްޗަކުން ޝަދަފު އިނީ ޝޮކެއްޖެހިފައި އިންހެން ދެލޯ ބޮޑުވެ އަނގަހުޅުވިފައެވެ.

“ނުވާނެ ތިހެނެއް، މިރާންއަކީ އަހަރެންގެ ދަރިއެކޭ، އެކުއްޖާ އަހަރެންހާ ހިތްވަރުގަދަވާނެ، އިޒޫ… އަހަރެންގެ އިޒޫ… ކިހިނެއްމިވީ، ނަވާ، ކީއްވެތަ މިހެންމިވީ، މިއަދު އިޒޫއާ ކުރިމަތިލާނީ ކިހިނެއް، އިޒޫއަކީ އަހަރެންގެ ހައްޤެއްކަމުގައި ބުނާއިރު އަހަންނަކީ އިޒޫގެ ހައްޤެއްކަމުގައި ޤަބޫލުކުރަނީ ޚުދު އަހަރެން، އެކަން އެހެން މީހަކު ޤަބޫލުކުރާނީ ކިހިނެއް، މިއަދު އަހަންނަކީ މީހެއްގެ ފިރިއެއް، ނުވިތާކަށް ބައްޕައެއް… އަހަރެންގެ މިރާން، އަހަރެންގެ ކުޑަކުޑަ މިރާން، ދަރިފުޅާ…” ފެންކަޅިވަމުންދިޔަ ދެލޮލުން ހޯސްލާފައި ކަރުނަތަށް ފައިބައިގަތުމާއެކު ޝަދަފު މޫނު އަނބުރާލީ ނަވާލަށް އެމޫނު ފޮރުވާލުމަށެވެ. ހިތަށް ކުރިއަސަރު އޭނާއަށް އިތުރަކަށް ނުފޮރުވުނެވެ. މިރާން އޭނާގެ ލޯތްބަށް އެދި ތެޅިފޮޅޭނޭ ގޮތް ޝަދަފުގެ ލޯކުރިމަތިން ސިފަވަމުންދިޔަ ކަހަލައެވެ. އަވަސް އަވަހަށް ދެލޯ މަރާ ބާރުކޮށްލުމާއެކު ޝަދަފު އޭނާގެ މޫނުގައި ދެއަތްއެޅިއެވެ.

“ޑިފީ، ދެން ނުރޮއެ، ހުރިހާ ކަމަކާ ކުރިމަތިލާ، އިޒޫގެ ލޯތްބަށް އެދި އާދޭސްކުރަންޖެހުނަސް އެކަންކުރަން ތައްޔާރުވޭ، މިއަދު އިޒޫގެ ހާލަކީ ކޮބާކަން ބުނެދެވޭނީ ހަމައެކަނި ސަމަރްއަށް، ޢާއިލާ މީހުންނާ ކުރިމަތިލާ، ހަޤީޤަތް އެނގިއްޖެކަމާ އިތުރަށް ދެން އޮޅުވާނުލެވޭނެކަން އެމީހުންނަށް އަންގާ، ރީޝަމްއަކީ މަކަރުވެރި އަންހެނެއް، ޒައުލް އޭނާދެކެ ރުޅިއަންނަނީ އެހެންވެ، ހަޤީޤަތް އެނގޭތީ، އެމީހުން ބޭނުންވީ ޑިފީއާ ޒައުލް ވެސް ދުރުކުރަން، އެކަމަކު އެހެން ނުވީ ޑިފީ، ޒައުލްގެ މަތިން ހަނދާންހުރީމަ، މިއަދު ވެސް ޑިފީގެ ރަޙުމަތްތެރިން ޑިފީއާއެކު އެބަތިބިން، ކޮށްދެވޭވަރު ކޮންމެކަމެއް ކޮށްދޭން ތައްޔާރަށް، އެހެންވީމަ ހިތްވަރުކުރޭ” ޑިފީ ރޯތަން ފެނި ނަވާލަށް ވެސް ވަރަށް ފުންއަސަރުތަކެއް ކުރުވިއެވެ.

ޝަދަފު އޭނާގެ އަމިއްލަ ހިތަށް ބާރުފޯރުވަމުން ދެލޯ ފޮހެލިއެވެ. ނަމަވެސް ހިތުގެ ރުއިމަށް ބަދަލެއްނައެވެ. ލޮލުން ކަރުނަ ފޮހެލެވިދާނެއެވެ. އެކަމަކު އަމިއްލަ ހިތަށް ލިބިފައިވާ އަނިޔާއަށް އެހިތް ރޯރުއިން ހުއްޓާލުމުގެ ބާރެއް ޝަދަފަކަށް ނުލިބުނެވެ. ހަމަޖެހިލުމަށްޓަކައި އިރުކޮޅަކު ހިމޭނުން އިނުމަށްފަހު ޝަދަފު އިސްއުފުލާލިއެވެ. އަދި ހަށިފުރާލީ ނޭވާއާއެކު އޭނާ ނަވާލަށް ބަލާލިއެވެ. ލިބުނު ހިތްދަތިކަމާ އެއްވަރަށް ޝަދަފު އިނީ ރުޅި ގަދަވެފައެވެ.

“އަހަރެން ބޭނުމެއްނޫން އެނބުރި އެގެއަށްދާކަށް، އެކަމަކު އިޒޫގެ ގާތަށް ދާން އަހަރެން ބޭނުން، އަހަރެން ހަނދާން އެބަހުރި، އަހަރެން ސަމަރްގެ ގާތަށް ދިޔައީން އިޒޫ ހޯދަންވެގެން، އަހަންނަށް އެ ގެ އެނގޭ، ނަވާ، އަހަރެން ގޮވައިގެން ހިނގާ އެ ގެއަށް، ސަމަރްއާ ބައްދަލުކުރަން، އިޒޫ ހުރިތަނެއް ހޯދަން” ޝަދަފު ބުނެލިއެވެ.

“ސަމަރް މިކޮޅަކު ނެތް، އެކަމަކު ދެދުވަހެއްގެ ތެރޭ މިކޮޅަށް އަންނާނެ، އޭނަ މާލެ އެރިހާ އަވަހަކަށް އަހަރެން ޑިފީ ގޮވައިގެން އޭނާގެ ގާތަށް ދާނަން” ނަވާލު ބުންޏެވެ.

“އިޒޫއާ ބައްދަލުކޮށްފަ ނޫނީ ދެން އެނބުރި ގެއަކަށް ނުދާނަން” ޝަދަފު ބުނެލިގޮތުން ވެސް އޭނާގެ ނިންމުން ބަދަލު ނުކުރާނެކަން ނަވާލަށް އެނގުނެވެ.

“އެހެންވީރު ޑިފީ ހުންނަންވާނީ އަހަންނާއެކު އަހަރެންގެ ގޭގައި” ނަވާލު އޭނާގެ ނިންމުން ވެސް ހާމަކުރިއެވެ.

“ނަވާ، އިޒޫ އަދިވެސް އަހަރެންދެކެ ލޯބިވާނެތަ؟ އަހަރެން ފެނުމުން އޭނާ އުފާވާނެތަ” ޢިޒްވާގެ ޚިޔާލުތަކަށް ގެއްލި އިނދެ ޝަދަފު އަހާލިއެވެ.

“ތެދުވެރި ލޯތްބެއް ހިތުގައި އުފެއްދިއްޖެނަމަ، އެލޯބީގެ މަތިން ހަނދާންނައްތާލުމަކީ ކުރަން އެހާފަސޭހަކަމެއްނޫން” ނަވާލު މިހެން ބުނެލީ ޝަދަފުގެ ހިތްހަމަޖައްސާލަ ދިނުމަށެވެ. ހަޤީޤަތުގައި ޢިޒްވާ ކަންތައްކުރާނެ ގޮތެއް ޚުދު އޭނާއަށް ވެސް ނޭނގެއެވެ.

ދެއެކުވެރިން ރެސްޓޯރެންޓުން ނުކުމެގެން ދިޔައީ ނަވާލުމެން ގެއަށެވެ. ނަވާލު އޭނާގެ މަންމަގެ ހުއްދައާއެކު އެގޭގައި ޝަދަފަށް ހުރެވޭނޭގޮތް ހަމަޖައްސައިދިނެވެ. އަދި ޝަދަފު އެގޭގައި ހުރިކަން އަދި އެކަކު ގާތު ވެސް ނުބުނުމަށް ނަވާލު އެދުނެވެ. އެއީ ޝަދަފުގެ ވެސް އެދުމަށް ވާތީއެވެ. އެކަމާ ގޭގެ އެކަކު ވެސް ދެކޮޅެއް ނުހެދިއެވެ. ޝަދަފާއި ނަވާލުގެ ރަޙުމަތްތެރިކަމަކީ ސަމީރާއަށް ވަރަށް ރަނގަޅަށް އެނގޭ ގުޅުމެކެވެ. އެދެކުދިންގެ ދެމެދަށް އައީ ކޮންކަހަލަ ދުރުކަމެއްކަން ވެސް އޭނާއަށް އެނގެއެވެ. ޝަދަފުގެ ޢާއިލާ މީހުން އޭނާ ހޯދަން މަސައްކަތްކުރާނެކަން އެނގެނީ ވެސް އެހެންވެއެވެ.

މެންދުރުވާން އުޅެނިކޮށް ރީޝަމް އައިސް ބަދިގެފަރާތުގައި ޝެފުންނަށް އިރުޝާދުދޭން ހުރި އަސްމަހާނަށް ގޮވާލީ ކަންބޮޑުވެފައި ހުރެއެވެ. އެހިނދު އަތުން އިޝާރާތްކޮށްލި އަސްމަހާނު އެދުނީ އޭނާގެ ވާހަކަތައް ނިމެންދެން މަޑުކޮށްލަ ދިނުމަށެވެ. ރީޝަމް ދަރިފުޅު ގޮވައިގެން ނުކުތީ ގޭގެ މެދުތެރޭގައި ހިޔާކޮށްފައި އޮތް ބަގީޗާ ކައިރިއަށެވެ. އެތަނުގެ ތަނބުތަކަށް އަރުވާފައި އޮތް ވެޔޮގަނޑުގެ މާތަކުން ލުއިލުއި ވަހެއް ފެތުރިފައި ހުއްޓެވެ. އުސައިދު ގާތު ބުނެގެން އީވާގެ ކެރިއޭޖު ގެނެސް އެތަނުގައި ބެހެއްޓިއެވެ. އަދި އެއަށް އީވާ ލައިގެން އިނދެ މަޑުމަޑުން ދެކޮޅަށް ހެއްލާލަ ހެއްލާލަ ރީޝަމް އިންއިރު އޭނާގެ ސިކުނޑިވަނީ އެކި ޚިޔާލުތަކާ ސުވާލުތަކުން ފުރިފައެވެ. އެހާ ކަންބޮޑުވެގެން ރީޝަމް އެއުޅެނީ ހެނދުނު ހޭލެވުނު އިރު ވެސް ޝަދަފު ގޭގައި ނެތުމުންނެވެ. ދިޔަތަނެއް ނުބުނެ ގެއިން ނުކުމެގެން ދިޔައިރު އޭނާއަށް ނޯޓޭއްހާ ހިސާބު ވެސް ބާއްވާލައިފައި ނެތުމުންނެވެ. އޭގެ އިތުރުން އޭނާ ގުޅީމައި ޝަދަފު ފޯނު ވެސް ނުނަގާތީއެވެ.

“ކިހިނެއްވީ” ގޭތެރެ ހޯދަމުން އައި އަސްމަހާނަށް ރީޝަމް ފެނުމާއެކު އޭނާގެ ގާތުގައި އައިސް މަޑުކޮށްލަމުން އަހާލިއެވެ.

“މަންމާ، ޑިފީ މިއަދު ގޭގައި ނޫޅޭކަން ފާހަގައެއް ނުވޭތަ” ރީޝަމް މިހެންބުނި އިރު އެމޫނުމަތީގެ ކުލަވަރު ވަރަށް ރަނގަޅަށް އަސްމަހާނަށް ނަގައިގަނެވުނެވެ.

“މަންމަ ހީކޮށްގެން މިހުންނަނީ އަދިވެސް ކޮޓަރީގައޭވީ، އެހެންވެ ނާހަންމިހުންނަނީ، އަނެއްކާ ކޮބާ ޑިފީ، ގޭގައި ނެތީތަ” އަސްމަހާނުގެ ސަމާލުކަން ރީޝަމްއަށް ހުއްޓާލުމާއެކު އޭނާގެ ގާތުގައި އަވަހަށް އިށީނެވެ.

“އަޅުގަނޑަށް ހޭލެވުނު އިރު ވެސް ޑިފީ ގެއަކު ނެތް، ދިޔައީ ކޮންތާކަށްކަމެއް ނުބުނޭ، ދިޔަތަނަކަށް ދިޔައީ ކާރަކު ނޫން، މިހާރު މުޅިގޭގައި ނުބަލާތަނަކަށް ހުންނާނީ ޑިފީގެ ކުރީގެ ކޮޓަރި، އެތަނަށް އޭނާ ނުވަންނާނޭކަން އެނގޭ، ގުޅުނު އަދަދެއްވެސް ނޭނގޭ، އެކަމަކު ޑިފީ ފޯނުނަގަން ހިތަށް ވެސް ނާރާކަހަލަ، މަންމާ، އަޅުގަނޑު ވަރަށް ހާސްވޭ، އަނެއްކާ ޑިފީއަށް ކަމެއްވެއްޖެއްޔާ ދެން ކިހިނެއް ހަދާނީ، މީހަކު އޭނާއަށް ކަމެއްކޮށްފިއްޔާޔޯ…. އަޅެ ފޯނު ނަގާނަމަ…” ރީޝަމް އިނީ ހަދާނެގޮތެއް ނޭނގިފައެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *