ABADHU THIYA LOABI KALAA VAANAN HEY [08]

“ޑިފީ ގަދަކަމުން އަހަންނާއެކު ކަމެއްނުކުރަމެންނު، ނޫނީ އަހަންނަށް ޑިފީގެ ހިތްހަމަޖައްސާ ނުދެވުނީތަ، ކަމެއް އުނިވީތަ” ރީޝަމްގެ ވާހަކަތައް ހުރިގޮތުން ޝަދަފަށް އުނދަގޫވިއެވެ. އަންހެންކުއްޖަކު އެހާ ޖެހިލުންކުޑަވެފައި އެފަދަ ވާހަކަތަކެއް ލަދެއްނެތި ދައްކަން ކެރިދާނެއޭ ޝަދަފުގެ ޟަމީރަށް ޤަބޫލުކުރަން ދަތިވީއެވެ. މީގެކުރިން ރީޝަމްގެ ފަރާތުން ފެނުނު މައުސޫމްކަން ގެއްލި ޝަދަފަށް މިހާރު ފެންނަނީ މުޅިން ތަފާތު ރީޝަމްއެކެވެ.

“ނޫން! އެހެންނެއް…. އެހެންނެއް ނުބުނަމެންނު” ދައްކަމުންދިޔަ ވާހަކައިގެ ގޮތުން ޝަދަފަށް ރީޝަމްއާ ހަތަރުކަޅި ހަމަކުރާކަށް ނުކެރުނެވެ.

“އަހަރުމެންގެ ކައިވެނި ކުރަން ހަމަޖެހިފައި އޮތްކަން ޑިފީއަށް އެނގޭތަ، އަހަރެން ޑިފީއަށް އިންތިޒާރުކުރާތާ ކޮންދުވަހެއް، އަހަންނަށް އެނގޭ ރޭގެ އެވަގުތުކޮޅުގެ އަރާމާލައްޒަތު ހަމައެކަނި ލިބިގަތީ އަހަރެން އެކަންޏެއް ނޫންކަން، އަހަންނަށް ޑިފީއާ ދުރުގައެއް ދެނެއްނުހުރެވޭނެ، އަދިވެސް ޑިފީއަށް ޤަބޫލެއްނުކުރެވޭތަ އަހަރެން ކޮންމެކަމެއްވެސް ކޮށްފާނެކަން، އަހަރެންގެ ހިތާފުރާނަވެސް ޑިފީއަށް ހިބައިންދެން، މިހަށިގަނޑު ވެސް އަހަރެން ޑިފީއަށް ގުރުބާންކޮށްފިން، ތި ލޯބި ހޯދަން ކުރަންޖެހުނު ކޮންމެ ކަމެއް އަހަރެން މިހިރީ ކުރަން ތައްޔާރަށް” ރީޝަމް ބުންޏެވެ.

“ރީޝް ޕްލީޒް، މިހިސާބަށް ކަންތައްތައް ގެންދާކަށް ނުވެއެންނު، އަހަރެން ދޮގު ހަދާ އޮޅުވާލާކަށް ބޭނުމެއްނޫން، އަހަންނަށް ރީޝްއާއެކު ހިންގުނު ގުޅުމަކީ ލޯބިވެގެން ހިންގުނު ގުޅުމެއްނޫން، އެއީ އެވަގުތައް ހޯދައިގަނެވުނު ވަގުތީ އަރާމެއް، ކޮންމެހެން ރީޝް ޔޫސްކޮށްލާކަށް ވެސް ނޫން، ލޯބިނުވާއިރު އަހަރެން ބޭނުމެއްނޫން ރީޝްއާއެކު ގުޅުންތަކެއް ހިންގާކަށް، އަދި އަހަރެންގެ ޟަމީރު އެއްބަސްވާކަމެއްނޫން އެއީ ދާންފަޅުފިލުވުމަށް ހިލޭ އަންހެނަކު ހޯދުން” ޝަދަފުގެ ވާހަކަތަކުން ރީޝަމްގެ ހިތަށް ތަދުވިއެވެ. ދެލޮލުން އޮހެންފެށި ކަރުނައާއެކު ރީޝަމް ތެދުވެ ޝަދަފުގެ ކުރިމަތީ ކުޑަކަކޫ ޖަހާލަމުން ޝަދަފުގެ ފައިމަތީ ބާއްވާލާފައި އޮތް އަތްތިލާގައި ދެއަތްބާއްވާލަމުން ޝަދަފަށް ބަލާލިއެވެ.

“އަހަންނަކީ… އަހަންނަކީ ހިލޭ އަންހެނެއްތަ؟… އެކަމަކު އަހަރެން ޑިފީގެ އަނތްބަކަށް ވީތާ ކޮންދުވަހެއް، އެކަމަކު ޑިފީ ތިބުނަނީ ދުވަހަކު ވެސް އަހަންނާ ނީންނާނަމޭތަ؟، ކީއްވެ، އަހަންނަށް ޑިފީ ބޭނުންވާ ހުރިހާ އުފަލެއް ހާޟިލުކޮށްދެވުމުގެ ޤާބިލުކަން ލިބިފައި ނުވަނީތަ؟ އަހަރެން ބަލާލަން ހުތުރީތަ، ޑިފީއަށް ކަމުދާނޭ ހުރިހާ ގޮތަކަށް އަހަރެން ބަދަލުވާން މިހިރީ ތައްޔާރަށް، އިތުރަށް އަހަރެންގެ މިހިތް ނުރޮއްވާ، ހަމަޖެހިފައިވާ މިކައިވެނި ރޫޅާލަން މަސައްކަތްނުކުރޭ، އާދޭސްކުރަން، އަހަންނާ ކައިވެނިކުރުމަކުން ޑިފީއަށް ލިބޭނޭ އެއްވެސް ގެއްލުމެއްނެތް، އަހަރެން ވަޢުދުވަން ޑިފީ ހުންނާނީ އުފަލުންކަން… ޕްލީޒް…” ރީޝަމްގެ މޫނަށް ބަލަހައްޓައިގެން އިން ޝަދަފުގެ ހިތަށް އަސަރު ކުރިއެވެ. އެއަންހެން ކުއްޖާ އޭނާއަށް ޖެއްސީ ކޮންކަހަލަ ސިހުރެއްކަމެއް ނޭނގެއެވެ. ދަންވަރުގެ އަނދިރީގެ ތެރޭން އެހަށިގަނޑަށް ވިހަގަދަ ހަރުފައެއް ފަދައިން ރީޝަމް ވިހަލީ އެބޭނުމުގައި ކަންނޭނގެއެވެ. އޭނާގެ ހިތް މަޑުކަފަކޮޅަށް ހަދާލުމުގެ ބޭނުމުގައި ކަންނޭނގެއެވެ. ނޫނީ ރޭގައި ރީޝަމް ލީ ވިހައިގެ އަސަރު ޝަދަފުގެ މުޅިހަށިގަނޑަށް ފެތުރެން ފެށީކަންނޭނގެއެވެ. ފަޒާގެ ފިނިކަމުގެ ތެރެއިން އޭނާގެ އެތެރެހަށިން ހޫނު އަރަންފެށިއެވެ. ނިތްކުރިން ދާތިކި ފާޅުވުމާއެކު ޝަދަފު އޭނާގެ ބޮލުގައި އަޅާފައި އޮތް ސްލޯޗީ ބީނީ ތާކިހާ ނަގާ އިސްތަށިގަނޑުގައި އަތްފުނާ އަޅާލިއެވެ. އެވަގުތު ރީޝަމް އޭނާގެ ނިތްކުރި ގެނެސް ޝަދަފުގެ ފައިމަތީ އޮތް އަތްތިލާގައި ޖައްސާލިއެވެ. އޭރުވެސް އޭނާ ރޮނީއެވެ. ފުންނޭވާއެއް ލާފައި ކުޑަކޮށް ރީޝަމްއާ ދިމާލަށް ޝަދަފު ގުދުވެލިއެވެ. އަދި އެހިމަދިގު މޫނުގެ ދެފަރާތުގައި ހިފާލުމާއެކު އޭނާއާ ދިމާލަށް އުފުލާލިއެވެ. އޯގާތެރިގޮތަކަށް ދެކޯތާފަތް ފޮހެލުމާއެކު ރީޝަމްގެ ކޮނޑުގައި ހިފާ އޭނަ ނެގިއެވެ. އަދި ގެނެސް ޝަދަފުގެ ގާތުގައި ބެންދުގައި ބައިންދާފައި ގަޔާކައިރިކޮށްލިއެވެ.

“އަންހެން ކުދިން ކަމެއްވާއިރަށް ރޮނީ ކީއްވެކަން މިހާރު އެނގިއްޖެ؟ ހިތެއް އޮތް މީހެއްވެއްޖެއްޔާ އެފަދަ މަންޒަރެއް ބަލާކަށް ކުޅަދާނައެއްނުވާނެ، ރީޝް ހީކުރީ އަހަންނަކީ ހިލަ ބުދެއްކަމަށްތަ؟ އަހަންނަށް އެނގޭ ރީޝް އަހަރެންދެކެ ލޯބިވާވަރު، ރީޝް ބުނީ ތެދެއް، އަހަރެން ރީޝްއާ ކައިވެނިކުރުމަކުން އަހަރެންގެ އަތުން ބީވެގެންދާނޭ އެއްވެސް ކަމެއް ނެތް، އަދި ބުނަން ރީޝްއަކި ހުތުރު ކުއްޖެކޭ އެކަކު ވެސް ނުބުނާނެ، އެނީ މެން ވިލް ބީ ލަކީ ޓު ހޭވް ޔޫ، ރީޝް… ދެން ނުރޮއެ، އަހަރެން…. އަހަރެން މިކައިވެނި ހުއްޓުވާކަށް މަސައްކަތެއް ނުކުރާނަން، ރީޝްއަށް އެފަދަ ބޮޑު ހިތްދަތިކަމެއް ނުދޭނަން، އެކަމަކު… އެކަމަކު ރީޝް އަހަރެން ގާތު އަހައިގެން ނުވާނެ އަހަރެން ލޯބިނުވަނީ ކީއްވެތޯ، އަހަންނަށް ރީޝްދެކެ ލޯބިވެވުނު ދުވަހަކުން އެވާހަކަ ބުނާނަން، އަހަންނަށް އެކަމަށް ވަގުތު ބޭނުންވާނެ…” ޝަދަފުގެ ވާހަކަތައް އަޑުއަހަން އިން ރީޝަމް ކުއްލިއަކަށް އޭނާގެ ގައިގާ ބައްދާލިއެވެ. އަދި ކަނދުރާގައި ބޮސްދެމުން ވާހަކަދެއްކިއެވެ.

“ޑިފީ އެދޭ ކޮންމެކަމަކާ އަހަރެން ޤަބޫލު އެއްވެސް ކަމަކާ ސުވާލެއް ނުކުރާނަން، ކައިވެންޏަށް ފަހު އަހަންނަށް އެނގޭ ޑިފީ އަހަރެންދެކެ ލޯބިވާނެކަން، ތި ހިތާ ސިކުނޑި ދުނިޔޭގެ އެހެންހުރިހާ ކަމެއްގެ މަތިން ހަނދާންނެތޭ ވަރަށް ލޯބިދޭނަން، އައި ޕްރޮމިސް، ޕްލީޒް، ޑިފީ ދުވަހަކު ވެސް އަހަރެން ދޫކޮށްލާފައި ނުދައްޗޭ” ކަރުނައިގެ ތެރެއިން ހިނިތުންވެލި ރީޝަމް ބުނެލިއެވެ. ޝަދަފު އެއްޗެއް ނުބުނެ ހަމައެކަނި ހިނިތުންވެލަމުން ރީޝަމްގެ ނިތްކުރީގައި ބޮސްދިނެވެ. އަދި ގަޔާކައިރިކޮށްލައިގެން އިރުކޮޅަކު އިނެވެ.

ހީޓަރު ހެދުމަށްޓަކައި އައިސް ހުރި މީހާއަށް ހޫނު ކޮފީތައްޓެއް ހިފައިގެން އައިސް އަސްމަހާނު ދިއްކޮށްލިއެވެ. އެމީހާ އޭނާގެ މަސައްކަތް ނިންމާލާފައި އެޑްރެސް ކާޑު އަސްމަހާނަށް ދިއްކޮށްލިއެވެ.

“ތެންކިއު ޖޯން” އަސްމަހާނު ހިނިތުންވެލަމުން ޝުކުރުއަދާކުރިއެވެ. އޭނާ ހުރީ ޖޯންގެ މަސައްކަތާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. އަތުގައި އޮތް ކޮފީ ޖޯޑުގައި ޖޯން ހިފިވަގުތު ބޭރު ދޮރުހުޅުވިގެން ދިއުމާއެކު ފިނިފިނިވައިރޯޅިތައް ގޭތެރެއަށް ދެމިގަތީ ބާރު ސްޕީޑުގައެވެ. ހީވީ މުޅި ގޭތެރެ ގަނޑުފެނެއް ހަދާލަން އުޅުނުހެންނެވެ.

“މަންމާ…” ދޮރުލައްޕާލާފައި ލައިގެން ހުރި ޖެކެޓު ބާލަމުން ޝަދަފު، އަސްމަހާނަށް ގޮވާލިއެވެ. ގޭތެރޭގައި ހުރި ޖޯން، ޝަދަފަށް ފެނުނީ ދެނެވެ. އެހެންވެ ބުނަން އައި ވާހަކަ ނުބުނެ މަޑުކޮށްލިއެވެ.

“ވާހަކަދައްކާލަން ބޭނުން” ޝަދަފު މަޑުމަޑުން އަސްމަހާނު ގާތު މިހެންބުނެ އެތެރެއަށް ހިނގައިގަތެވެ.

ޖޯން ނުކުތުމާއެކު އަސްމަހާނު ހަލުވިކޮށް އައިސް ޓީވީ ހުޅުވާލައިގެން އިން ޝަދަފުގެ ގާތުގައި މަޑުކޮށްލިއެވެ. އެހިނދު ޝަދަފު އިޝާރަތްކޮށްލީ އޭނާ އިށީނދެގެން އިން ސޯފާގައި އަސްމަހާނު އިށީނުމަށެވެ. ހިތްއަވަސްވެފައި ހުރި އަސްމަހާނު އިށީނެވެ.

“މަންމާ، އަޅުގަނޑު ނިންމައިފިން ރީޝްއާ ގުޅެން، އެކަމަކު ކައިވެންޏަށްފަހު އަޅުގަނޑު ބޭނުމީ ވީއެންމެ އަވަހަކަށް މާލެ ބަދަލުވާން، ބޮޑަށް ރަނގަޅީ ކައިވެނި ވެސް މާލޭގައި ކުރެވުނިއްޔާ” ޝަދަފު، އަސްމަހާނަށް ބަލަހައްޓައިގެން އިނދެ ބުނަމުންދިޔައެވެ. އަސްމަހާނުގެ މޫނުމަތި އުޖާލާވެގެން ދިއުމާއެކު ދެތުންފަތުގެ ދޭތެރެއިން ހުދު ދަތްތައް ފެނިގެންދިޔައެވެ. އަވަސް އަވަހަށް ދަރިފުޅާ އެއްބަސްވެލުމުގެ ގޮތުން ބޯޖަހާލުމާއެކު ޝަދަފުގެ ކޮނޑުގައި ފިރުމާލިއެވެ.

“ދަރިފުޅު މަންމަގެ ބަސްއެހޭތީ މިއަދު ވަރަށް އުފާވެއްޖެ، އެންމެންތިބީ ދަރިފުޅުގެ ކައިވެންޏަށް މިކޮޅަށް އަންނަން ބޭނުންވެފައި، މަންމަ ބޭނުން މާލެ ދެވުނީމަ މިކައިވެނި ތަންކޮޅެއް ކުލަގޮތަކަށް ބާއްވާލަން، ހަމަމިހާރު މިދަނީ ރީޝްގެ މަންމައަށް މިއުފާވެރި ޚަބަރުދޭން، ރީޝް ފަކީރު އުފަލުންގޮސް މިއަދު ނޭނގެ އެކުއްޖާއަށް ވާނޭގޮތް ވެސް” އަސްމަހާނު ހިނިއައިސްފައި ހުރެ ވާހަކަދެއްކިއެވެ.

ރީޝަމްއާ ކައިވެނިކުރަން ޝަދަފު ނިންމީ އަސްމަހާނާ ޢާއިލާގެ އެދުމުގެ އިތުރުން ރީޝަމް އޭނާދެކެ ވާލޯތްބެއްގެ ބޮޑުކަމުންނެވެ. އެއަންހެންކުއްޖާދެކެ ލޯބިވެވިދާނެކަމުގެ އުންމީދުގައެވެ. ޚުދު ޝަދަފަށް ވެސް ރީޝަމްގެ ފަރާތުން އޭނާއަށް އުނިވާނޭ އެއްވެސް ކަމެއް ނޯންނާނެކަން އެނގެއެވެ. އޭނާ ކައިވެނީގެ ޚަބަރު ރީޝަމްއަކަށް ނުދެއެވެ. އެކަން ރީޝަމްގެ ކަންފަތާ ހަމައަށް ގެންގޮސްދިނީ އަސްމަހާނާއި ޒަބާއެވެ. އަވަހަށް ޢާއިލާގެ ހުރިހާ މެންބަރުންނަށް އެކަމުގެ ޚަބަރު އެމީހުން ދީފިއެވެ. ޖެހިގެން އައި ދެދުވަހު އެއްކޮށްހެން އުޅުނީ ބޮޑެތި ފިހާރަތަކުން ވިޔަފާރިކުރުމުގައެވެ. މާލޭގައި ތިބި އީޝާ އާއި ރީޝަމްގެ ގާތް ރަޙުމަތްތެރިޔާ ވެސް އޭނާގެ އުފަލުގައި ބައިވެރިވުމަށް އައެވެ. ގޭތެރެއަށް ހީވަނީ ޢީދެއް އައިސްގެން އުޅޭހެންނެވެ. ހީނހީނފައި އެންމެން ސަމާސާކުރުމުގައި އުޅޭއިރު ޝަދަފުގެ ގިނަވަގުތު އޭނާ ހޭދަކުރަނީ ޢާއިލާގެ އެހެންމީހުންނާ ދުރުދުރުން އޭނާގެ ކޮޓަރީގައެވެ. އެއްވެސް ކަމަކަށް އޭނާ ޚިޔާލުބަދަލުކޮށް ނުހަދައެވެ. އަސްމަހާނާއި ޒަބާއަށް ފެންނަ ކޮންމެ ގޮތެއް އޭނާއަށް ކަމުދާނެކަމުގައި ބުނެ ބަލަނީ އެކަމަކުން ބޯދަމައިގަނެވޭތޯއެވެ.

ކައިވެނިކުރެވުނީ ހެނދުނުގެ ވަގުތެއްގައެވެ. ދެފަރާތުގެ ޢާއިލާ ވެސް ތިއްބެވެ. ކައިވެންޏަށްފަހު ޢާއިލާ އެންމެން އައީ ތަރަފް ހިފާފައި ހުރި ރެސްޓޯރެންޓަށެވެ. އެތަނުގައި އެންމެން އެކުގައި މެންދުރުގެ ކެއުން ކުރިއަށް ގެންދިއުމަށެވެ. އަދި ޢާއިލާ އެންމެނާއެކު ނަގަންހަމަޖެހިފައިވާ އައުޓްޑޯ ޕޮޓޯ ޝޫޓުގެ ކުރިން ކާއެއްޗެއް ކާލައިގެން ދިއުމުގެ ބޭނުމުގައެވެ. ރީޝަމް ހިނިތުންވެލައިގެން އިންއިރު މިއަދު އެނާ ވަކިން ރީއްޗެވެ. ދޭތެރެދޭތެރެއިން ޝަދަފުގެ މޫނަށް އޭނާ ބަލާލައެވެ. ޝަދަފުގެ ފަރާތުން އޭނާ ބޭނުންވާފަދަ އިޝަރާތްތަކެއް ނުފެނުނުކަމުގައި ވިޔަސް ޝަދަފު އެކައިވެންޏަށް ޤަބޫލުވީތީ އެވަރުން ހިތްހަމަޖެހިއްޖެއެވެ.

“ޕެރިސްއަށް ދޯ ދާނީ” އީޝާ އިނދެފައި ބުންޏެވެ. ރީޝަމް މެދުގައި ބައިންދައިގެން އިނދެ އެންމެން މަޝްވަރާ ކުރަމުންދިޔައީ ރީޝަމް އާއި ޝަދަފުގެ ހަނީމޫން ހޭދަކުރުމަށް ދާނޭ ތަނަކާމެދުއެވެ. އެމީހުންގެ ކައިރިން ހުރަސްކަނޑާލި ޝަދަފު ފެނުމާއެކު އިޝާ އަވަސްއަރުވާލާފައި ޝަދަފަށް ގޮވާލިއެވެ.

“ޑިފީ، ވަޓްސް ޔޯ ޗޮއިސް؟” އީޝާ އަހާލިއެވެ. އަތުގައި އޮތް ކުކީކޭކުކޮޅު އަނގަޔަށް ލަމުން ޝަދަފު ބަލާލީ ހައިރާންވެފައެވެ.

“ކޮންކަމަކަށް” ޝަދަފު އަހާލިއެވެ.

“ސިލީ… ޔޯރ ހަނީމޫން، ކޮންތާކަށްހޭ ދަނީ، ރީޝް ބޭނުންވަނީ ޕެރިސްއަށް ދާން” އީޝާ ލާނެތްގޮތަކަށް ހީނލާފައި ބުނެލިއެވެ.

“މާލެއަށް ދާނީ” ޝައުގުވެރިކަން ކުޑަގޮތަކަށް ޝަދަފު ބުނެލިއެވެ.

“ސީރިއަސްލީ… ތިޗޮއިސް ކަމަކު ނުދޭ” އީޝާ ތުންކޮޅު ހަދާލަމުން ބުނެލިއެވެ.

“ރީޝް، އަހަރުމެން ހަނީމޫނަކަށް ނުދަމެންނު ދޯ” ޝަދަފު، ރީޝަމްއަށް ގޮވާލަމުން މިހެން ބުނުމުން އޭނާގެ ވާހަކަދޮގުކުރާކަށް ރީޝަމްއަކަށް ނުކެރުނެވެ. އެހެންވެ މަޑުމަޑުން އިނދެފައި ބޯޖަހާލިއެވެ. ޝަދަފު ހަލުވިކޮށް ސިޑިން އަރައިގެން އޭނާ އެދިޔަތަނަކަށް ގޮސް ގެއްލުނެވެ.

“ބޯރިން ޕާރސަން” އީޝާ ބުނެލިއެވެ.

* * * *

ރީޝަމް އާއި ޝަދަފުގެ ކައިވެނި ކުރެވުނުތާ ހަފްތާއެއްފަހުން އެދެމަފިރިން ތިބީ މާލޭގައެވެ. ޢާއިލާއިން ގެއްލިފައިވި އުފާވެރިކަމާ ހަމަޖެހުން އެނބުރި އަތުވެއްޖެއެވެ. މިހާރު އެއްވެސް ކަމަކާ އަސްމަހާނާއި ޒަބާ ހާސްނުވާކަހަލައެވެ. އެމީހުންނަށް މިހާރު ނުކުރެވިފައި އޮތް ކަމަކީ ކައިވެންޏަށްފަހު އެދެމަފިރިންގެ ހަނީމޫނަށް ތަނަކަށް ފޮނުވުމެވެ. ނަމަވެސް ޝަދަފު އެކަމާ ޤަބޫލުނުވާތީ މިފަހަރު އޭނާއަށް އެކަން ކުރުމަށް މަޖުބޫރުކުރަން ބޭނުންނުވަނީއެވެ.

އަސްމަހާނުވަނީ ޝަދަފު، ރީޝަމް ގޮވައިގެން މާލެ އަންނަންވާއިރަށް ތަރަފްގާތުގައި ބުނެގެން ގޭތެރެ ބަދަލުކޮށްލާފައެވެ. ޝަދަފުގެ ކުރީގެ ދިރިއުޅުމުގެ މަތިން ހަނދާންކުރުވާނޭ އެއްވެސް ހެއްކެއް ގޭތެރެއިން ނުފެންނާނޭ ވަރަށް ބަދަލުކޮށްލާފައެވެ. މުޅިގެއަށް ވަނީ އައު ފަރުނީޗަރު ވައްދާފައެވެ. ކުލަ ބަދަލުކޮށްފައެވެ. ޝަދަފުގެ ކޮޓަރި ވެސް ބަދަލުކޮށްފައެވެ. ކުރިން އޭނަ ހުރި ކޮޓަރިވަނީ ޔޫޝައުގެ ކޮޓަރިކަމުގައި ހަމަޖައްސާ ތަޅުލާފައެވެ. އެހެންވެ “ސްޓަރލައިޓް ހޭވަން”އަށް ވަދެގެން އައިއިރު ޝަދަފަށް ކުރެވުނީ މުޅިން އާތަނަކަށް ފުރަތަމަ ފަހަރަށް ވަދެވުނުކަމުގެ އިޙްސާސެވެ. ނަމަވެސް އޭނާގެ ހިތަށް ބުނެދޭންނޭނގޭ ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ.

“ވެލްކަމް ހޯމް ސަން” ތަރަފް ހިނިއައިސްފައި ބުނެލިއެވެ. ވަށައިގެން ނަޒަރު ހިންގާލި ޝަދަފު ހިނގައިގަތީ ސިޑިއާ ދިމާލަށެވެ. ބޭއިހްތިޔާރުގައި ހުރެ އޭނާއަށް އައިސް ހިފާލެވުނީ ތަޅުލާފައި ހުރި ކޮޓަރިއެއްގައެވެ. އޭނާގެ ފަހަތުން އައި އަސްމަހާނާއި ރީޝަމް އެކަކު އަނެކަކަށް ބަލާލީ ކަންބޮޑުވެފައި ހުރެއެވެ.

“ދަރިފުޅު މިތަނަށް ތިއައީ ކީއްކުރަން، ތިދެކުދިންގެ ކޮޓަރި ހުންނާނީ އެފަރާތުގައި” އަވަސް އަވަހަށް އަސްމަހާނު ބުނެލިއެވެ.

“ނޭނގެ ކީއްވެކަމެއް، ހީވަނީ މިތަނަށް އަހަރެން ކުރިން ވަންހެން” ޝަދަފު ވެސް ހައިރާންވެފައި އެނބުރިލަމުން އަސްމަހާނަށް ބަލާލިއެވެ. ބޭއިޙްތިޔާރުގައި ހުރެވެސް ޝަދަފަށް އައިސް ވަންނަން އުޅެވުނީ އޭނާގެ ކޮޓަރިއަށެވެ. އަސްމަހާނާއި ރީޝަމް ހާސްވީ އެހެންވެއެވެ.

“ހިނގާ ކޮޓަރިއަށް ދަމާ، ވަރަށް ޓަޔަރޑްވެފައި މިހިރި” ރީޝަމް، ޝަދަފުގެ އަތުގައި ހިފާލަމުން މިހެން ބުނެ ހިނގައިގަތެވެ. ޝަދަފު ވެސް އިތުރަށް އެއްޗެކޭ ނުބުނެ އެމީހުންނާއެކު ހިނގައިގަތީއެވެ.

މާލެއަށް އައިކަން ޝަދަފު އޭނާގެ ރަޙުމަތްތެރިޔާ ޒައުލްއަށް އެންގީ ދެތިންދުވަސް ފަހުންނެވެ. އޭނާއަށް އެޚަބަރު ލިބުމާއެކު ޝަދަފުގެ ގާތުން އެދުނީ އޭނާއަށް ބައްދަލުކުރުމަށެވެ. ޝަދަފުއެކޭ އަލަށް މާލެ އަރައިގެން އުޅޭ މީހެކޭ އެއްވަރެވެ. ނަމަވެސް އޭނާގެ ސިކުނޑީގައި މާލޭގެ ބައެއް ތަންތަނުގެ ފަނޑުނަމަވެސް ހަނދާންތައް ހަރުލާފައި ހުއްޓެވެ. އެކަމަކު އެތަންތަނަށް ދާކަށް އޭނާއަކަށް ނޭނގެއެވެ. ޒައުލް، ޝަދަފާ ބައްދަލުކުރަން އޭނާގެ ގެއަށް ދިއުމަށް އެއްގޮތަކަށް ވެސް ބޭނުމެއްނުވެއެވެ. އަސްމަހާނުމެން ތިބެނީ އޭނާދެކެ ހިތްހަމަނުޖެހިފައި ކަމަށްވާތީއެވެ. އެހެންވެ އޭނާ ޝަދަފު ގޮވައިގެން އައީ އޭނާގެ އޮފީހަށެވެ. ޝަދަފުގެ ހާލު އެނގެން ބޭނުންވެފައި ހުރިއިރު ޒައުލްއަށް ލިބުނީ އޭނާ އަޑުއަހަން ބޭނުންވިފަދަ ޚަބަރެއްނޫނެވެ.

“އެންމެފަހުން އެމީހުން ބޭނުންވިގޮތްވީތާ” ޝަދަފް އާއި ރީޝަމްގެ ކައިވެނީގެ ވާހަކައަޑުއިވުމުން ޒައުލް އަމިއްލަ ނަފްސަށް ބުނެލެވުނެވެ. އޭނާގެ ލޮލުން ފެނިގެންދިޔައީ ޝަދަފުގެ މައްޗަށް ހަމްދަރުދީއެވެ. މިއަދު އޭނާ ޝަދަފަށް ކިތަންމެ ވާހަކައެއް ކިޔައިދޭން ބޭނުމެވެ. އެހެންނަމަވެސް ކަންތައްތައް މިވަނީ ބަދަލުވެފައެވެ. ޚުދު ޒައުލްއަށް ވެސް ކުރެވޭނޭ ކަމެއްނެތްވިއްޔާއެވެ. އެކަކަށް ހިތްދަތިކަމެއް ދީފައި އަނެކާ ދުނިޔޭގައި އެއުޅެނީ ކިހާ އުފަލުގައި ހެއްޔެވެ.

“އަހަންނަށް އެނގޭ ޒައުލް، ރީޝްދެކެ ލައިކްނުވާކަން، ދެން މިހާރު އެކަމާ ނުވިސްނާ އޯކޭވެބަލަ، މިހާރު އެއީ އަހަރެންގެ ވައިފްއޭ” ޝަދަފު ބޭނުންވީ މިވަގުތު އޭނާގެ ހުރި ހަމައެކަނި ރަޙުމަތްތެރިޔާ އޭނާގެ ނިންމުމާމެދު ހިތްހަމަޖައްސާލުމެވެ.

“ހޫމް! އޯކޭ… ޑިފީ ނުވާނެ ދެން އަހަންނަށް ފިލައިގެން އުޅެގެން” ހިތުގައި ކޮންމެއެއްޗެއް އޮތްކަމުގައި ވިޔަސް ޝަދަފަށްޓަކައި ޒައުލް ހިނިތުންވެލިއެވެ.

ޒައުލް ބަލަނީ ގިނަވަގުތު ޝަދަފު ގޭން ބޭރުގައި ގެންގުޅެވޭތޯއެވެ. ރީޝަމްއަށް ޖެއްސުމަށެވެ. އެކަން ރީޝަމްއަށް ފާހަގަކުރެވުނެވެ. ނަމަވެސް ޝަދަފުގެ ވާހަކައިން ޒައުލްއަކީ އޭނާ ހަމައެކަނި އިތުބާރުކުރާ ރަޙުމަތްތެރިޔާއެވެ. ޒައުލްއާ ދިމާލަށް އެއްޗެއް ބުނެގެން ނުވާނެއެވެ. އެކުގައި ދެމަފިރިންގެ ގޮތުގައި އުޅޭތާ ތިންމަސްވީއިރު ރީޝަމް ބޭނުންވާފަދަ ލޯތްބާއި ހިތްހަމަޖެހުން ޝަދަފުގެ ފަރާތުން ފެންނަނީ ހަމައެކަނި އެދެމީހުން ކޮޓަރީގައި އެކަނިވާ ހިނދުކޮޅުތަކުގައެވެ. ބައެއްފަހަރު އެދެމެދުގައިވަނީ ހަމައެކަނި ހަށިގަނޑުގެ ގުޅުމެކޭ ހީވާކަހަލައެވެ.

“ކަމޯން ރީޝް، އީޝް ދޮންއާއެކު ޝޮޕިންއަށް ދޭބަލަ، އޭރުން ތިމޫޑު ރަނގަޅުވެދާނެ، އަބަދު ގޭގައި ހުންނާތީއޭ ތިހެންތިވަނީ، ކޮންމެފަހަރަކު އަހަންނާއެކު ބޭރަށް ނުކުތުން އެއީ މަޖުބޫރުކަމެއްތަ، ރަނގަޅަށް އެނގޭނެ އަހަރެން ގެއިން ބޭރުގައި އުޅުނަސް އުޅޭނީ ޒައުލްއާ އެކުކަން، އަނެއްކާ ރީޝް ގުޅީމަ ފޯނު ނުނަގައެއް ނުހުންނަމެންނު، ރީޝް ވީ ވަޒީފާއަކަށް ވަންނަން، ނޫނީ ގޭގައި އިނދެގެން ކުރާނޭ މަސައްކަތެއް ހޯދަން، އޭރުން ތިކޫސަނިކަން ފިލާފާނެ” އެނދުންތެދުވެ ބޮލުގައި އަތްފުނާ އަޅާލަމުން ޝަދަފު ބުންޏެވެ.

“އެންމެފަހުން އަހަންނާއެކު ބޭރަށް ދިޔަ ހަނދާނެއް ޑިފީ އެބަހުރިތަ، މާލެ އައިފަހުން އަދި އެންމެ ފަހަރަކުވެސް އަހަރެން ގޮވައިގެން ބޭރަށް ނުކުމެނުލާ، ޒައުލް ހީވަނީ އަހަރުމެން ދެމީހުން އުފަލުގައި އުޅެދާނެތީ އުޅޭހެން، ހީޒް އަ ޑީމަން، ހުރިގޮތަށްހުރި ކަތުރުފަންޏެއް… ޑިފީ ވެސް އަބަދު ހުންނާނީ އޭނާގެ ކޮޅަށް…” ރީޝަމް ކުއިލްޓު ކަވަރު ގެނެސް ހަށިގަނޑު ފޮރުވާލަމުން އޮށޯތެވެ. އިރުކޮޅަކުން އިވެންފެށީ ރީޝަމްގެ ރުއިމުގެ އަޑެވެ. ފާޚާނާއަށް ވަންނަން އުޅެފައި ވެސް އެނބުރި ޝަދަފު ބަލާލީ އެނދުގައި ފުރަގަސްދީގެން އޮތް ރީޝަމްއަށެވެ. ދެފަރާތަށް ބޯހޫރާލަމުން ފުންނޭވާއެއް ބޭރުކޮށްލާފައި އައިސް ރީޝަމްގެ ގާތުގައި ޝަދަފު އިށީނެވެ.

“އައެމް ސޮރީ، ރީޝް ރޯކަށް އަހަރެން ބޭނުމެއްނޫން، އަހަރެން މިއަދު ހަވީރު އަންނާނަން ރީޝް ގޮވައިގެން ކާރުދުއްވާލަން ދާން، އައިސް ކްރީމް ބޯންވެސް ދާންވާނެ ދޯ، ދެން ތިހެން ނޯވެ ތެދުވޭ، ހިނގާ އަހަންނާއެކު ފެންވާރަލަން، ފިނިފެނުން ފެންވަރާލަނިކޮށް ހުރިހާ ކަމެއް ރަނގަޅުވެދާނެ، އޭރުން ތިނެގެޓިވިޓީ ވެސް ފިލާފާނެ، ކަމް މައި ކުއީން….” ޝަދަފު ލޯބިން ވާހަކަދައްކާލީ ކުޑަކުއްޖަކު މަސަލަސް ކުރަން އުޅޭހެންނެވެ. ޝަދަފު އެހާ ލޯބިން ވާހަކަދެއްކީމާ އިތުރަށް ބޮޑާހާކާފައި އޮންނާކަށް ރީޝަމްއަކަށް ނުކެރުނެވެ.

ހަވީރުގެ ވަގުތެވެ. ޝަދަފު ވައުދުވިފަދައިން އޭނާ ރީޝަމް ގޮވައިގެން މާލޭގެ ބޮޑެތި މަގުތަކުގައި ދުއްވާލިއެވެ. ޗާންދަނީ މަގަށް އެރީ ރީޝަމް އެމަގުގައި ހުރި އޭނާގެ ރަޙުމަތްތެރިއަކާ އެއްޗެއް ހަވާލުކުރަން ބޭނުންވެގެންނެވެ. ވަކި ހިސާބަކަށް ދެވުނުއިރު މަގުއޮތީ ފުލުހުން ބަންދުކޮށްފައެވެ. ޚާއްޞަ ހަރަކާތްތަކެއް އިސްކަންދަރު ސްކޫލުގައި ހިނގަމުންދަނީއެވެ. އެހެންވެ ދުރުގައި ކާރު ޕާކުކޮށްލާފައި ދެމަފިރިން އެކުގައި ހިނގާލާފައި އައެވެ.

“ހިނގާބަލަ މިތަނަށް ވަދެލަން، އޯޓިޒަމްއާ ގުޅިގެން އެކްޓިވިޓީތަކެއް ހިންގަނީ އޯ، ބައިވަރު ސްޓޯލްތައް ވެސް އެބަހުރި” އެނބުރި ދިއުމަށްޓަކައި އިސްކަންދަރު ސްކޫލުގެ ކުރިމަތިން ހުރަސްކަނޑާލި ވަގުތު ރީޝަމް ބުނެލިއެވެ. މިއަދު ޝަދަފު އެހުރީ ރީޝަމްއަށް ވަގުތު ހުސްކޮށްގެންނެވެ. އެހެންވެ އޭނާ ނޫނެކޭ ނުބުންޏެވެ. ހިނިތުންވެލަމުން އޭނާގެ އަތުގައި ހިފާލައިގެން ހުރި ރީޝަމްއާއެކު އިސްކަންދަރު ސްކޫލުގެ ގޯތިތެރެއަށް ވަދެގެން ދިޔައެވެ. އެތަނުގައި ކުޑަކުދިންތައް ގޮވައިގެން އުޅޭ މީހުންތައް އެކިއެކި ދިމަދިމާލަށް ހަރަކާތްތެރިވަމުން ދާތަން ފެނެއެވެ. އެއްފަރާތުގައި ވަންނަ މީހުންނަށް ގަނޑުތަކެއް ބަހަން ދެކުދިން ތިއްބެވެ.

ގަނޑުތައް ބަހަމުންދިޔަ ދެކުދިން ޝަދަފް އާއި ރީޝަމްއަށް ދިއްކޮށްލި ގަނޑުގައި އެމީހުން ހިފިއެވެ. އަދި ވަށައިގެން ނަޒަރު ހިންގަމުން އެތެރެއަށް ވަދެގެން އައެވެ. އެތަން ޚާއްޞަވެފައި އޮތީ ކުޑަކުދިންނަށްކަމުގައި ވިޔަސް ކޮންމެ މީހަކަށް ވެސް ވަނުމުގެ ހުއްދައޮތެވެ. ތަފާތު އެއްޗެހި ވިއްކާ ސްޓޯލްތަކާ ކުޑަކުދިންގެ މޫނުގައި ކުރަހާ ސްޓޯލްތަކުގެ އިތުރުން ކުޑަކުދިންނަށް މަޖާވާނޭ ފަދަ ހަރަކާތްތައް ހިންގަމުންދިޔަ ސްޓޯލްތައް އެތަނުގައި ހުއްޓެވެ. ރީޝަމް ހިނިއައިސްފައި ހުރެ ވަށައިގެން ހޯދަމުން ކަހަލަ ގޮތަކަށް ފަހަރަކު ސްޓޯލްއެއް ބަލަމުންދިޔައެވެ. އަދި އެއްޗެހި ވިއްކަން ހުރި ސްޓޯލްތައް ކައިރިއަށް ހުއްޓި އެތަނުގައި ހުރި އެއްޗެއް ބަލަމުންދިޔައެވެ. އެގޮތުން ދިވެހިއުފެއްދުންތައް ވިއްކަމުންދިޔަ ސްޓޯލްއަކާ އެދެމަފިރިން ކައިރިވެލިއެވެ. ކޮތަޅުތަކުގައި ބަންދުކޮށްފައި ހުރި ކާއެއްޗިއްސަށް ރީޝަމްގެ ލޯހުއްޓުނެވެ.

“ކިހާ ވަރަކަށް” ރީޝަމް މޭޒުމަތީ ހުރި ކޮތަޅުތައް ހާވަމުން އަހާލިއެވެ. އޭރު ސްޓޯލްގައި ތިބި ދެއަންހެންކުދިންގެ ތެރެއިން އެއްކުއްޖަކު އޮތީ ގުދުވެގެން އެއްޗެހި ތަކެއް ނެގުމަށެވެ. ދެން ހުރި ކުއްޖާ ހުރީ ރީޝަމްއާއެކު ހުރި ޝަދަފަށް ނަޒަރުހުއްޓާލައިގެން އެމޫނަށް ގެއްލިފައި ހުރިހެންނެވެ. އެކަންއެނގުމުން ރީޝަމްގެ ތުންފަތަށް ލުއި ހިނިތުންވުމެއްވެރިވެގެންދިޔައެވެ. ޝަދަފްއަކީ އަންހެންކުދިން އާޝޯހުވާފަދަ ރީތިކަމެއް ލިބިފައިވާ ޒުވާނެކެވެ. އޭގެ އިތުރުން މިއަދު ޝަދަފަކީ ރީޝަމްގެ ފިރިމީހާއެވެ. އޭނާ ފަހުރުވެރިވަނީ އެކަމާއެވެ. އެހެން އަންހެން ކުދިން ކިތަންމެ ވަރަކަށް ބެލިޔަސް އެމީހުންނަށް ޝަދަފެއް ނުލިބޭނެވިއްޔާއެވެ. ރީޝަމް، ޝަދަފުގެ އަތުގައި ހިފާލައިގެން ހުރެ ވަކިން އޭނާއާ ގާތްވެލިއެވެ. ޝަދަފުއަށް ވީގޮތެއް ނޭނގުނެވެ. މޭޒުކައިރީ ހުރި އަންހެންކުއްޖާގެ ފަހަތުގައި ގުދުވެގެން އޮތް އަންހެން ކުއްޖާ ކޮތަޅުތައް ހިފައިގެން ތެދުވުމާއެކު ނިއުޅާލާފައި އޮތް ކަޅުކުލަގަދަ ފަންއިސްތަށިގަނޑުގެ ތެރެއިން އެއަންހެން ކުއްޖާގެ މޫނު ފެނިގެން ދިޔައެވެ. އެހިނދުކޮޅުން ފެށިގެން ޝަދަފުގެ ސަމާލުކަން އެއަންހެން ކުއްޖާ ހޯދައިފިއެވެ. ހުވަފެނީގޮތަކަށް އެއަންހެން ކުއްޖާއަށް ބަލަހައްޓައިގެން ހުރިއިރު، ރީޝަމްގެ މޫނުމަތިން ފާޅުވެގެން ދިޔައީ ހައިރާންކަމެވެ. އޭނާއަށް ޤަބޫލުކުރަން ދަތިވީއެވެ. ޝަދަފުގެ ހިތުގެ ހިނގުން އަވަސްވިކަހަލައެވެ. ތުންފަތަށް ވެރިވި ހިނިތުންވުމާއެކު މޭޒުމަތިން ކޮތަޅެއްނަގާ އެއަންހެން ކުއްޖާއަށް ޝަދަފު ދިއްކޮށްލިއެވެ. އިސްއުފުލާ ކުރިމަތީ ހުރި ޒުވާނާއަށް އޭނާ ބަލާލީ ދެނެވެ. ދެލޯ ބޮޑުކޮށްލުމާއެކު ލަމުންދިޔަ ނޭވާ ހުއްޓުނު ފަދަ ގޮތަކަށް އެއަންހެން ކުއްޖާ ޝަދަފަށް ބަލަހައްޓައިގެން ހުއްޓެވެ. އަދި އަވަސް އަވަހަށް ޖެހިގެން ހުރި އަންހެން ކުއްޖާއަށް ބަލާލުމާއެކު އޭނާގެ ފުރަގަހަށް ވަދެ ފިލިއެވެ.

“އަގު ބުނެލާފައި ދިޔަނަމަ…” ޝަދަފުގެ ނަޒަރު އެއަންހެން ކުއްޖާއާ ވަކިކޮށްލުމެއްނެތި ބުނެލިއެވެ. ހައިރާންވެފައި ހުރެ ރީޝަމްއަށް ބަލާލެވުނީ ޝަދަފަށެވެ. އޭނާ ގާތުގައި ހުރިއިރު ޝަދަފު އެހެން އަންހެންކުއްޖަކާ މައްލަވަކުރަނީ ހެއްޔެވެ.

“ތިމީހާއަށް މިތަނުން އެއްވެސް އެއްޗެއް ނުވިއްކާނަން” ރުޅި މޫނުހަދާލައިގެން ހުރި އަންހެން ކުއްޖާ ބުންޏެވެ.

“އަހަރެން މީ ބީސްޓެއްތަ؟ ބިރުން އެފިލީ” ލާނެތްގޮތަކަށް ހިނިއައިސްފައި ހުރެ ޝަދަފު ބުންޏެވެ.

“ބައެއްފަހަރު އިންސާނުންވެސް ބީސްޓުންހާ ބިރުވެރި ސިފައިގައި ފެނިދާނެ” ގޮތް ދޫނުކުރާ ފަދަ ގޮތަކަށް މޭޒުކައިރީ ހުއްޓި ހުރި އަންހެން ކުއްޖާ ބުންޏެވެ.

“ޑިފީ، ހިނގާ ދަމާ، އަހަރުމެން ނޫޅެން މިތަނުން އެއްޗެއް ގަންނާކަށް” ރީޝަމް މިހެން ބުނުމުން ވެސް ޝަދަފަށް އަޑުއިވުނު ހެނެއް ހިޔެއްނުވެއެވެ. އޭނާ ވޮލެޓުނަގާ ސަތޭކަރުފިޔާ މޭޒުމަތީ ބާއްވާލުމާއެކު ފިލާހުރި އަންހެންކުއްޖާ ގެނައިތަނުން ކޮތަޅެއް ހިފައިގެން ރީޝަމްއާއެކު ދިއުމަށް ހިނގައިގަތެވެ.

“އިޒޫ… އިޒޫ… އަރ ޔޫ އޯލްރައިޓް” ފަހަތަށް އެނބުރިލި ސަމަރު އަހާލިއެވެ. އޭރު ޢިޒްވާ ހުރީ ގަނޑުވެފައި ހުރި ބުއްދެއްހެންނެވެ. ސަމަރު ޢިޒްވާގެ ކޮނޑުގައި ހިފާ އަނބުރާލަމުން އޭނާގެ މޫނަށް ބަލާލިއެވެ. މިލައިގެން ގޮސްފައިވާ އެމޫނު މަތި ވަނީ ހުދުވެފައެވެ.

“އެއީ ހަމަ ޝަދަފު… ސަމަރު، އޭނާ ކުޑަކޮށް ވެސް އަހަރެން މަތިން ހަނދާންނެތީތަ، އޭނާގެ ގާތުގައި ދެން އެހުރީ ރީޝަމް، ޝަދަފު ހަނދާންނެތަސް ރީޝަމްއަށް އަހަންނަކީ ކާކުކަން އެނގޭނެ އެންނު….” އިސްޖަހާލި ޢިޒްވާއަށް ބުނެލެވުނެވެ.

“ޕްލީޒް އިޒޫ، އެތަށް ދުވަހަކަށްފަހު މީހާ ހަމައަކަށްއެޅުނީ، މިއަދު އަނެއްކާ އަހަރެން ބޭނުމެއްނޫން ޢިޒޫ ހިތާމަކުރާކަށް، މާޒީގެ މަތިން ހަނދާންނައްތާލަންވީ، އިޒޫގެ މަތިން ހަނދާންނައްތާލި މީހަކާމެދު ފިކުރުކޮށް ރުއިމުގެ ބޭނުމެއްނެތް، ޕްރޮމިސްކުރޭ ނުރޯނަންކަން” ސަމަރު މިހެން ބުނުމުން ޢިޒްވާ ބޯޖަހާލިއެވެ. އަދި މަޑުމަޑުން އައިސް މޭޒުކައިރީ ހުއްޓިލަމުން ޝަދަފު ދިޔަ ދިމާލަށް ބަލަންފެށިއެވެ.

މާދުރުނޫން ހިސާބެއްގައި ހުރި މޭޒެއްގެ ކައިރިއަށް ރީޝަމް ދިޔައިރު ވެސް ޝަދަފު ހުރީ ޢިޒްވާއާ ދިމާލަށް ބަލާށެވެ. ދުވަހަކުވެސް ޝަދަފުގެ ހިތަށް ނުފާދަ ގޮތްތަކެއް އެއަންހެން ކުއްޖާ ފެނިގެން ވާންފެށީ ކީއްވެކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. މުޅި ހަށިގަނޑުގައި ހީވީ ފިނިފިނި ވައިރޯޅިއެއް ބީހިލާފައި ދިޔަހެންނެވެ. ބަޔާންކުރަން ނޭނގޭ ހިތްހަމަޖެހުމަކާ ފޮނިމީރުކަމެއް ހަށިގަނޑަށް އިހްސާސްކުރެވިގެންދިޔަ ކަހަލައެވެ. ހިނިއައިސްފައި ހުރެ އަތުގައި އޮތް ކުދިގުޅަޕެކެޓުން ގުޅައެއްނަގާ އަނގަޔަށްލީ ވެސް ދުރުގައި ހުރި ޢިޒްވާއަށް ބަލަހައްޓައިގެން ހުރެއެވެ.

އެހާ ދުވަސްފަހުން ޝަދަފު ފެނުމުން ޢިޒްވާ ހުރީ ހިތްފުރެންދެން އޭނާއަށް ބަލާލަން ބޭނުންވެފައެވެ. ޝަދަފުގެ ހަރަކާތްތައް ހުރި ގޮތުން ވަރަށް ހައިރާން ވެސް ވިއެވެ. އަނެއްކޮޅުން ޝަދަފަށް އައިސްފައި ހުރި ބަދަލުފެނިފައި އޭނާގެ ހަނދާނަށްއައީ އެންމެ ފުރަތަމަ ޝަދަފާ ދިމާވި ރޭމަތިންނެވެ. ދަމަމުން އައި ފޮށްޓާއެކީ އޭނާގެ ގައިގާ ޖެހި ޢިޒްވާގެ ފޯނު ހަލާކުވުން އެއީ އެދެމެދުގައި ގުޅުމެއް އުފެދުމަށް މެދުވެރިވި ސަބަބެވެ. މިއަދު ޝަދަފު ފެނުނު އިރު އޭނާ އެހުރީ ހަމައެގޮތަށެވެ. ދިގުކޮށްލާފައި ހުރި އިސްތަށިގަނޑަކާއެކު ތުނބުޅިމަތިމަސްވެސް ބަހައްޓާފައެވެ. ހިތްވަރުކުރަމުންދިޔަ ޢިޒްވާއަށް ދެލޯމަރާލެވުމާއެކު ފުންނޭވާއެއް ބޭރުކޮށްލެވުނީ ޝަދަފާގުޅިފައިވާ އެތަކެއް ހަނދާންތަކެއް އެއްފަހަރާ ހިތާ ސިކުނޑިއަށް ބޮނޑިވެގަތުމުންނެވެ. އޭނާ މިއަދު އެތަނަށް އައިސް އެހުރީ ސަމަރުގެ އާދޭހާއެކުއެވެ. ޝަދަފާ ވަކިވިފަހުން އޭނާ މީހުންގެ ތެރެއަކަށް ނުނިކުމެވެ. ދިރިއުޅުމާއިގެން ކުރިއަށްދާން ނިންމާ، މާޒީގެ މަތިން ހަނދާންނައްތާލަން ބޭނުންވެގެން އެޅި ފިޔަވަޅު، ޢިޒްވާއަށް އަޅާލެވުނީ ޝަދަފުގެ ކުރިމައްޗަށެވެ. ދުވަހަކުވެސް އެހިތަށް ހަމަޖެހުމެއްނުވަނީބާއޭ ޢިޒްވާގެ ހިތަށް އެރިއެވެ.

“ހާދަ ރޫޑު ކުއްޖާގަނޑެކޭ ދޯ އެމޭޒުކައިރީ ހުރީ، ގައިމު އެތަނުން އެއްޗެއް ގަތްނަމަ އެމީހުންނަށެންނު ފައިދާވާނީ، ކީއްކުރަންތަ ޑިފީ ހަންޑްރެޑް ރުފިޔާ ދިނީ” ރީޝަމް ކަޕްކޭކުތަކެއް ގަނެގެން އައިސް ޝަދަފުގެ ގާތުގައި ހުއްޓިލަމުން ބުންޏެވެ.

“ހެ ހެ ހެ… ރީޝް ހިތްހަމަޖެހިއްޖެއްޔާ ހިނގާ ދެން ދަމާ ދޯ، ސިކްސްގަ ޒައުލްއާއެކު ޖިމްއަށް ދާން މިއުޅެނީ” ޝަދަފު ހީނލާފައި ބުންޏެވެ. ކުއްލިއަކަށް ޝަދަފުގެ ޠަބީޢަތަށް ބަދަލުތަކެއް އަތުވެއްޖެކަން ޔަޤީނެވެ. މީހުންގަނޑުގެ ތެރެއިން އޭނާ ރީޝަމް ގާތްކޮށްލިގޮތުން އެކަމާ އުފާވި ރީޝަމްއަށް އެއިން އެއްވެސްކަމެއް ފާހަގައެއް ނުކުރެވުނެވެ.

ގެއަށް އާދެވުމާއެކު ޝަދަފު އޭނާގެ ކާރުން ފައިބާކަށް ގަސްދެއް ނުކުރިއެވެ. ރީޝަމް ގާތު ގެއަށް ދިއުމަށް ބުނަމުން އޭނާ ކާރުގައި މަޑުކޮށްލީއެވެ.

“ޑިފީ، އަހަންނާއެކު ގޭގެ ދޮރާހަމައަށް ދެވިދާނެއެންނު، އެހެންނޫނަސް ޖިމްއަށް ދަންޏާ އެއްޗެހި ވެސް ބޭނުންވާނެއެންނު” ރީޝަމް ކާރުން ފައިބަން ދޮރުފަތުގައި ހިފާލާފަވެސް ޝަދަފަށް ބުނެލިއެވެ.

“އޯކޭ، ހިނގާ… އަހަރެން ޖިމް ބޭގު ހިފައިގެން ދާނީ އިނގޭ، މަޑުކުރަން ބުންޏަސް މަޑުކުރެވޭކަށްނެތް” ޝަދަފު މިހެންބުނެ ކާރު އެއްފަރާތުގައި ޕާކުކޮށްލާފައި ފޭބިއެވެ. އަދި ކާރު ތަޅުލުމާއެކު ރީޝަމް ގޮވައިގެން އައިސް ގެއަށްވަނެވެ.

“ކޮންތާކުން ދެކުދިން” ބޮޑުކޮޓަރީގައި އިން ތަރަފްއަށް ޝަދަފްގެ ދެމަފިރިން ފެނުމުން އަހާލިއެވެ.

“އަޅުގަނޑުމެން މިއައީ ދުއްވާލަން ގޮސްފައި، ކަޕްކޭކު ގަނެގެން” ރީޝަމް ހިނިއައިސްފައި ބުނެލިއެވެ. ޝަދަފު އިތުރު އެއްޗެއް ނުބުނެ ހަލުވިކޮށް ދިޔައީ ސިޑިއާ ދިމާލަށެވެ. ހީވަނީ ވަރަށް ލަސްވެގެން އުޅޭހެންނެވެ. ރީޝަމް ބަދިގެ ފަރާތަށް ވަދެ ކަބަޑުމަތީ ކަޕްކޭކުތައް ބަހައްޓާފައި ކޮޓަރިއަށް ދިޔައިރު ޝަދަފު އެއްޗެހި ބަދަލުކޮށްލައިގެން ދަބަސް ހިފައިގެން ނުކުންނަނީއެވެ.

“ކޮންއިރަކުން އަންނާނީ” ރީޝަމް، ޝަދަފުގެ ފަހަތުން ހިނގައިގަންނަމުން އަހާލިއެވެ.

“ނޭނގެ، އަވަހަށް އާދެވޭތޯ ބަލާނަން، އަހަންނަށް މަޑުނުކޮށް ރީޝް ކައިގެން ހުންނާތި، ފަހަރެއްގައި އަހަރެން ކާނީ ޒައުލްމެން ގޭން” ޝަދަފު ފަސްއެނބުރި ބަލާލުމެއްނެތި ބުންޏެވެ.

ޒައުލްގެ އެންމެ ޚާއްޞަ ހޮޓެލް ކަމަށްވާ ގާޑަންވިއުއަށް ގޮސް ޝަދަފު ވަނެވެ. އެތަނުގެ ޖިމް ހޯލަށް އައިސް ވަންއިރު ޒައުލް ދުވާމެޝިނުގައި ހުއްޓެވެ. ޝަދަފު ފެނުމުން ހުއްޓާލާފައި މެޝިނުގައި އަޅުވާލާފައި އޮތް ދުވާލިކޮޅު ނަގާ މޫނު ފޮހެލުމާއެކު ކަނދުރާގައި އަޅުވާލިއެވެ.

“އާދެވިއްޖެ ދޯ، ތީ ޝާޕް ސިކްސަށް އަންނާނަމޭ ބުނި މީހާއަށް ވީވަރު” ޒައުލް ދިމާކޮށްލިއެވެ.

“މިއައީ ރީޝް ޝަކުވާކުރާވަރުން އޭނާ ގޮވައިގެން ބޭރަށް ނުކުމެލާފައި” އާދަޔާ ޚިލާފަށް ޝަދަފު ހިނިއައިސްފައި ހުރެ މިހެން ބުނެލުމުން އެކަން ޒައުލްއަށް ފާހަގަވެގެންދިޔައެވެ.

“ހާދަ ހިނިއައިސްފަ، އަނެއްކާ ރީޝްކަމެއް ކުރީތަ” ޝަދަފު ކަމެއް ފޮރުވަނީތޯ އޮޅުންފިލުވަން ޒައުލް ބޭނުންވިއެވެ.

“ހެ ހެ ހެ…” ހިނިގަނޑަކުން ނިންމާލި ޝަދަފު ދެފަރާތަށް ބޯހޫރާލާފައި ދުވާމެޝިނަށް އަރަން ތައްޔާރުވެލިއެވެ. ޒައުލް ފާޑަކަށް ޝަދަފަށް ބަލާލާފައި އޭނާ ވެސް ދުވަން ތައްޔާރުވެލިއެވެ.

“ޒައުލް، ވާހަކައެއް އަހާލަންތަ” ކަސްރަތުކޮށް ނިމިގެން ވެއިޓްލިފްޓިން ބެންޗުގައި އިށީދެލައިގެން އިނދެ ޝަދަފު އަހާލިއެވެ.

“ދުވަންހުރިއިރު ވެސް ޑިފީގެ ތިހިނިތުންވުމަކަށް ބަދަލެއްނާދޭ، ކޮންމެވެސް ކަމެއް ވެއްޖެކަން އެނގޭ، އަހަރެންލައްވާ އާދޭސްނުކުރުވާ ތިބުނަން ބޭނުންވެގެން އުޅޭ އެއްޗެއް ބުނަންވީނު، ރީޝް ޕްރެގްއޭ ބުނަންޏާ އަހަރެން އެވާހަކަ އަޑުއަހާކަށް ނެތިން” ޒައުލް ބުނެލިއެވެ.

“ބްރަދަރ… ރީޝްގެ ވާހަކައެއްނޫނޭ، ބްރަދަރގެ ޚިޔާލެއް ބޭނުމީ” ޝަދަފު ބުންޏެވެ.

“ކޮންކަމަކަށް، ރީޝް ވަރިކުރަންތަ” ޒައުލްގެ ވާހަކަތައް މިހާރަކަށް އައިސް ހުންނަގޮތާމެދު ޝަދަފު އަޅައެއްނުލައެވެ. އޭނާ ރީޝަމްއާމެދު ހިތްހަމަނުޖެހޭންވީ ސަބަބެއް ނުބުންޏެވެ. ޒައުލް އެކަން ފާޅުކުރަނީ ވެސް ހަމައެކަނި ޝަދަފުގެ ގާތުގައެވެ.

“ޒައުލް، އަނބިމީހާ ނޫން އަންހެންކުއްޖެއްދެކެ ލައިކްވެވިދާނެތަ؟” ޝަދަފު މަޑުމަޑުން އިނދެފައި ބުނެލި އެއްޗަކުން ޒައުލް ވަރަށް ހައިރާންވިއެވެ. ޝަދަފު ކުއްލިއަކަށް އެބުނީ އެއްޗަކާމެދު ޒައުލް ވަރަށް ޝައުގުވެރިވެސްވިއެވެ.

“ވަޓް ދަ… ސީރިއަސްލީ… ތީ ކޮންކަހަލަ މީހެއް” ޒައުލްއަށް ބުނެލެވުނެވެ.

“އަހަރެން ކުޑަކޮށް ގިލްޓީވޭ ފީލްވާ ގޮތާމެދު، އެކަމަކު އައި ކާންޓް ހެލްޕް އިޓް، މިހާ ސްޓްރޯންގ ފީލިންގެއް އަދި ނުކުރެވޭ” ޝަދަފު މަސްތީގޮތަކަށް ހިނިތުންވެލައިގެން އިނދެ ބުންޏެވެ.

“އެއީ ކާކު” އަވަސް އަވަހަށް ޒައުލް އަހާލިއެވެ.

“ނޭނގެ، އެކަމަކު އެސޫރަ ފެނުނީއްސުރެން މިއުޅެނީ މިހިތަށް ފާޑެއްގެ ގޮތެއްވާތީ، ސިކުނޑިން އެސިފަ ފޮހެއެއްނުލެވުނު” ޝަދަފު މޫނަށް ގޮތެއް ހަދާލަމުން މޭގައި އަތްހާކާލީ އަސަރު ހުރި ގޮތަކަށެވެ.

“ޑިފީ ތިއިނީ ހަމަހޭގަތަ؟ ތިކިޔާ އެއްޗަކާމެދު އަހަރެން ހިތްހަމަޖެހި ތިކަމާ އެއްބާރުލުންދޭން ބޭނުންވިޔަސް، ރަޙުމަތްތެރިއެއްގެ ހައިސިއްޔަތުން ޑިފީއަށް ރަނގަޅުގޮތް ބުނެދިނުމަކީ ކުރުން އެންމެ ރަނގަޅުކަންތައް، އެހެންވެ އަހާލާހިތްވަނީ، ޑިފީ ތިވާހަކަ ތިދައްކަނީ ހަމަހޭގައި ހުރެގެންތޯ، ތިކަހަލަ ޚިޔާލެއް ޑިފީގެ ސިކުނޑީގައި އުފެދުނުއިރު ރީޝްއަށް ވާނީ ކިހިނެއްކަން އެއްފަހަރު ވެސް ވިސްނާލިންތަ؟” ޒައުލް މިހެންބުނެލީ ކޮންމެހެން ރީޝަމްއާމެދު ހަމްދަރުދީވެގެންނެއް ނޫނެވެ.

“ރީޝްއާމެދު ވިސްނާތީތާ މިބުނީ އަހަރެން ގިލްޓީ ފީލްވާ ވާހަކަ، އެކަމަކު މިކުރެވޭ އިޙްސާސްތަކަށް ފުރަގަސްދޭނޭ ގޮތެއް ވެސް އަހަންނަކަށް ނޭނގުނު، ސްވިޗެއްނަމަތާ އޮފްކޮށްލާނީ، ޒައުލް… ހިނގާބަލަ އަހަންނާއެކު މިރޭ އެތަނަށް ދަމާ، އިސްކަންދަރު ސްކޫލުގައި އޮތް އޯޓިޒަމް ފެއަރއަށް، އެތަނުންނޭ އެކުއްޖާ ފެނުނީ، އަދި އެއްފަހަރު އެކުއްޖާއަށް ބަލާލަން ބޭނުން” ޚިޔާލަކަށް ގެއްލިފައި އިންކަހަލަ ގޮތަކަށް ޝަދަފު އެއްދިމާލަކަށް ނަޒަރުހުއްޓާލައިގެން އިނދެ ބުންޏެވެ.

“ޑިފީ، ތީ މީހެއްގެ ފިރިއެއް، އެއަންހެންކުއްޖާއަށް އެކަން އެނގުނީމަ ދެންވާނެ ގޮތަކާމެދު ވިސްނާލަބަލަ، ޑިފީގެ ޢާއިލާއަށް ކޮންމެކޮންމެ އަންހެން ކުއްޖަކު ކަމަކު ނުދާނެ، އެމީހުން ބޭނުންވާނެތަ ޑިފީ އެފެއަރއެއް ހިންގަން، އެހެންނޫނަސް ޚުދު އަހަރެން ވެސް ތަރުހީބެއް ނުދޭނަން ޑިފީ އެފެއަރ އެއް ހިންގާކަށް، ރީޝްދެކެ ލޯބިނުވަންޏާ ކީއްކުރަން ކައިވެނިކުރީ، ޑިފީއަކީ އަމިއްލައަށް ބޭނުންވާގޮތަށް ނިންމުން ނިންމާ މީހެއް، މިކައިވެނި ކުރެވުނީ ޑިފީ ބޭނުންވާތީ، ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަސް، މަޖުބޫރުކުރިޔަސް ޑިފީ ބޭނުންނުވާކަމެއް ޑިފީލައްވާ އެހެންމީހަކަށް ނުކުރުވޭނެ، އެހެންވީމަ ތިހެން އުޅެން ތަންކޮޅެއް ލަސްވެއްޖެކަންނޭނގެ، މިބުނީ ތީ ފްރީ މޭންނެއްނަމަ މިހާރު ތިއަންހެންކުއްޖާ ފަހަތުން ދެވުނީސް” ޒައުލް ބޭނުންވީ ޝަދަފު، ރީޝަމްއާ ކުރި ކައިވެންޏަކީ އޭނާގެ މުޅި ހަޔާތުގައިވެސް ނިންމި އެންމެ ފީކަޅާ ނިންމުންކަމުގައި ވިސްނައިދޭށެވެ. އިރުކޮޅަކު އެއްޗެކޭ ނުބުނެ އިނުމަށްފަހު ޝަދަފު ތެދުވިއެވެ. އަދި އަތުގައި އޮތް ތުވާލިކޮޅާ ފެންފުޅި ދަބަހަށް ލުމަށްފަހު ޒައުލްއަށް ބަލާލަމުން ހިނިތުންވެލިއެވެ.

“ދެން އަޅާ ނުލާ، ހިނގާ ދަމާ ދޯ” ހިތުގައި އުފެދެމުންދިޔަ އިޙްސާސްތައް ލުއި ހިނިތުންވުމަކުން ފޮރުވާލަމުން ޝަދަފު ބުންޏެވެ.

“ޑިފީ ބޭނުމިއްޔާ އަހަރެން ހިނގައިދާނަން” ހޮޓެލުން ނުކުންނަން ޝަދަފު ހިނގައިގަތުމާއެކު ޒައުލް ބުންޏެވެ.

“އެއީ ރަނގަޅު ޚިޔާލެއް ނޫންކަންނޭނގެ، އަހަންނަކީ މީހެއްގެ ފިރިއެއްކަން ހަނދާންނައްތާލައިގެން ނުވާނެއެންނު ދޯ” ޝަދަފު ކިތަންމެ ހަމަޖެހިލާފައި ބުނިކަމުގައި ވިޔަސް އޭނާއަށް އެހެންބުނުމަށް އުނދަގޫވިކަން ޒައުލްއަށް ނަގައިގަނެވުނެވެ.

“ކަމޯން މޭން، އަހަރެން އެހެންބުނި އެއްޗެއް ނޫނޭ އެއީ، ހިތުގައި ޖެހުނީތަ؟ މިބުނީނު ޑިފީ ބޭނުމިއްޔާ ހިނގާށޭ މިރޭދާން، އަހަރެން ވެސް ތިބުނާ ކުއްޖަކު ދެކެން ބޭނުން، ޔަޤީނުންވެސް ފާހަގަކޮށްލެވޭ ޚާއްޞަ ސިފަތަކެއް ހުރެގެން ޑިފީއަށް ތިހާކަމުދާނީ، ސޯ ޕްލީޒް، ހިނގާ ދަމާ… އޭރުންކަންނޭނގެ ޑިފީއަށް ހަމަޖެހުމެއް ލިބޭނީ، އެހެންކަންތައްތަކާ ވިސްނާނީ ފަހުން، ތިބުނާ ފެއަރއެއް އަބަދަކު ނޯންނާނެއެންނު، އެހެންވީމަ ދެވަނަ ފަހަރަށް އެމަންޖެ ބަލާލުމުގެ ފުރުޞަތު ލިބިފައި އޮއްވާ އެފުރުޞަތު ގެއްލުވާލައިގެން ނުވާނެ، ގެއަށް ދާނެކަމެއްނެތް، އަހަރެންގެ ވޯޑްރޮބު އަބަދުވެސް ޑިފީއަށް އޯޕަންވާނެ، މިކޮޅުން ފެންވަރާލާ ކައިހަދައިގެން ތިފެއަރއަށް ދާނީ، އެގޮތް ކިހިނެއްވާނީ” ހަޤީޤަތް ކޮންމެ ގޮތަކަށް އޮތްނަމަވެސް ޒައުލް ބޭނުންވީ ޝަދަފުގެ ހިތްހަމަޖެހުމެވެ.

“ރީޝަމްއަށް މޮޅުތަކެއްނުވިތާ، ޑިފީއަށް ލޯބިވުމަކީ އޭނާ ރީޝަމްއަށް ގެއްލޭނެކަމުގެ އިޝާރާތެއް، ނަސީބެއްކަންނޭނގެ، އެކަމަކު ޢިޒްވާ، އެއަންހެން ކުއްޖާއަށް ޑިފީ މުޅިއުމުރަށް ގެއްލުނީ، ތުއްތު މިރާންއަށް އެކުއްޖާގެ ބައްޕަވެސް ގެއްލުނީ، އިޒޫވީތަނެއް ވެސް ނޭނގޭ، އޭނާ އައި ރުޅީގައި އަހަންނާ އެއްކޮށް ގުޅުން ކަނޑާލީ، އަހަރެން ދައްކާ އެއްވެސް ވާހަކައެއް މިހާރު އަޑުއަހާކަށް އިޒޫ ބޭނުމެއްނުވޭ، ޑިފީ ގޮވައިގެން އިޒޫގެ ކުރިމައްޗަށް ދާނީ ވެސް އެއީ ކުރީގެ ޑިފީ ނަމަތާ، މޮޔަކަމުން އެއަންހެން ކުއްޖާގަނޑާ އިންނަންވެއްޖެވިޔަ…” އަމިއްލަ ނަފްސާ ވާހަކަދައްކަމުން ޒައުލް އައިސް އޭނާގެ ކޮޓަރިއަށް ވަނެވެ. އޭނާއާއެކު ޝަދަފު ވެސް އެކޮޓަރިއަށް ވަނެވެ.

ރޭގަނޑުގެ ކެއުމުގައި ޝަދަފު ބައިވެރިނުވާތީ އެކަމާ އަސްމަހާނު ސުވާލުކުރީ ރީޝަމްއާއެވެ. ތަރަފްގެ ކުރިމަތީ ޝަދަފުގެ ޝަކުވާކުރާކަށް ރީޝަމް ބޭނުމެއްނުވިއެވެ. އެހެންވެ ހިނިތުންވެލަމުން ޝަދަފުވީ ޒައުލްގެ ދައުވަތަކަށް އެގެއަށް ގޮސްކަމުގައި ރީޝަމް ބުނެލިއެވެ.

“އަސްމާ، އަހަރުމެން ވެސް ހިނގާބަލަ މަންސޫރުގެ ގާތަށް އެއްރޭ ގޮސްލަމާ، ކިހާ ދުވަހެއްވެއްޖެ އެގެއަށް ވެސް ނުދެވޭތާ، ކުދިންގެ މެދުގައި ގުޅުން އޮންނައިރު އަހަރުމެންވަކި ނުވާނެ އެންނު އެހާ ދުރުދުރު އުޅެގެން” ތަރަފް ކައިނިންމާލާފައި ފެންތަށި ތުނބުގައި ޖަހާލުމުގެ ކުރިން ބުނެލިއެވެ.

“އަޅުގަނޑު މިހިރީތައްޔާރަށް، ތަރަފްއަށް ވަގުތެއްވެލެއްވީމާ ހަމަދާންވީ” އަސްމަހާނު ހިނިތުންވެލަމުން ބުންޏެވެ. ތަރަފް ކައިނިމިގެން ބޮޑުކޮޓަރިއަށް ދިއުމާއެކު އަސްމަހާނުގެ ނަޒަރު ރީޝަމްއަށް ހުއްޓުނެވެ.

“މަންމައަށް ވެސް ފާހަގަކުރެވޭ ޑިފީ މާގިނައެއްކޮށް އެޒައުލްއާއެކު އުޅޭކަން” އަސްމަހާނު މާގިނައެއްޗެއް ބުނާކަށް ނުޖެހުނެވެ. އުލުން ތަށި ހާވާލަހާވާލާ އިން ރީޝަމްގެ ކެތްތެރިކަން ކޮޅުންލިއެވެ.

“ޒައުލް ހީވަނީ އަޅުގަނޑަށް ޖެއްސުންކުރާހެން، ޑިފީ އަބަދާއަބަދު އުޅެނީ ޒައުލްގެ ގާތުގައި، ކުރަނީ ކީއްކަމެއް އެނގެނީއެއްނޫން، އަދި އޭގެ އިތުރުން މިއަދު ވީކަމަކުން ބޮޑު ފޫހިގަނޑެއް….” ތުންފިއްތާލުމާއެކު ރީޝަމް މޫނުކޮށްލިއެވެ.

“މިއަދު ކިހިނެއްވީ” އަސްމަހާނު އޮޅުންފިލުވަން ބޭނުންވިއެވެ.

“އެއަންހެންމީހާގަނޑު އެބައުޅޭ މާލޭގައި” ރީޝަމް، އޭނާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިން އަސްމަހާނަށް ބަލާލަމުން ބުންޏެވެ.

“ކާކު؟ ޢިޒްވާތަ؟” ދެލޯބޮޑުކޮށްލަމުން އަސްމަހާނު އަވަސް އަވަހަށް އަހާލިއެވެ. އޭނާ ބޭނުންނުވިނަމަވެސް ސިކުނޑީގައި ޢިޒްވާގެ ނަންވަނީ ބިންވަޅުނެގިފައެވެ. އެއަންހެންކުއްޖާގެ މަތިން ދުވަހަކުވެސް ހަނދާނެއްނުނެތޭނެއެވެ. އެއީ އަސްމަހާނު ހޭލާހުއްޓާފެނުނު ބިރުވެރި ހުވަފެނެކެވެ.

“ދެން އެހެންކާކު؟ ނަސީބެއްކަންނޭނގެ، ޑިފީ އަޅާވެސްނުލި، އެއަންހެނާގެ މަތިން ކުޑަކޮށްވެސް ޑިފީ ހަނދާނެއްނެތް، އަދި އަމުދުން މިހާރު އެހަނދާންތައް ކުރާކަށް ވެސް ބޭނުމެއްނުވާނެ، ޑިފީ އަޅުގަނޑުގެ އުނަގަނޑުގައި ހިފާލައިގެން ދިޔަތަންބަލަން ހުރި ފާޑަކަށް ލޯއަޅައިގެން، އެހެން ލޯއެޅިޔަސް އޭނާއަށް ޑިފީ ލިބޭނަތަ” ރީޝަމް ބުނެލިއެވެ.

“މަންމަ ބުނާނެ ވާހަކައެއްނެތް، އަވަހަށް ކުއްޖަކު ހޯދާ، އޭނާ ވެސް ކުރިމަކަމީ އެއީ، ޝަދަފަށް ރަނގަޅަށް ވިސްނާލާނެ ފުރުޞަތުވެސް ނުދީ ކައިވެނިކުރި ގޮތަށް އަވަހަށް ބަނޑުބޮޑުވީ، އަހަންނަށް އަހަރެންގެ ދަރިފުޅު ވަރަށް ރަނގަޅަށް އެނގޭ، އޭނާ އޭނާގެ ޒިންމާތަކުން ދުރަށްދާކަށް ދުވަހަކުވެސް މަސައްކަތެއްނުކުރާނެ، ރީޝްއަށް ދަރިއަކު ލިބުމުން ޝަދަފަކީ ރީޝްގެ މީހަކަށް މުޅި އުމުރުދުވަހަށް ވާނެ” އަސްމަހާނު ޔަޤީންކަން ދޭފަދަ ގޮތަކަށް ބޯޖަހާލަމުން ބުންޏެވެ.

“މަންމާ، އަސްލުތެދަށް ބުނަންޏާ އަޅުގަނޑު ޕްރެގް ނޫންކަމެއް ވެސް ނޭނގެ، މިއަދު ހެނދުނު އަޅުގަނޑު ފެމެލީ ޑޮކްޓަރާ ވާހަކަދެއްކީ، ޑިފީއަށް އަޅުގަނޑާއެކު ހޭދަކުރާނެ ވަގުތެއްވެގެންނު މިކަހަލަ ވާހަކައެއް ދެއްކޭނީ، ބައެއްފަހަރު ހިތައްއަރާ ޑިފީ ގާތު ބުނާނީ ފަހުންނޭ” މޫނުކުނިކޮށްލައިގެން އިން ރީޝަމްގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައީ ހަމަކުއްލިއަކަށެވެ. ލަދުވެތިކަން މުޅިމީހާގެ ހުރިހާ ހަރަކާތަކަށް ވެރިވެގެންދިއުމާއެކު އަސްމަހާނާ ނަޒަރު ސީދާކޮށްގެން އިނދެ ވާހަކަދައްކަން އޭނާއަށް އުނދަގޫވިއެވެ.

“ރިއަލީ، އޯ މައި ގޯޑް، ލަސްނުކޮށް އަވަހަށް ހިނގާ މަންމައާއެކު، އެއަންހެއްކުއްޖާގެ ނަން ދެން އެންމެ ފަހަރަކު ވެސް ރީޝްގެ ދުލުން ނުކިޔާތި، އެއީ ވިހަގަދަ ހަރުފައެއް، މަންމަ ބޭނުމެއްނޫން އޭނާގެ ސުންޕާކަން ރީޝްއަށް ފޯރާކަށް، ހަމަމިރޭ ޑޮކްޓަރު ޒޭންގެ ކުލިނިކަށް ދާންވާނެ، ޒަބާ ގާތު ބުނެފިންތަ، ބުނާނެކަމެއްނެތް، މަންމަ ގުޅާނަން، ތިންމީހުން އެކުގައި ދާނީ…. ވަރަށް އުފާވެއްޖެ….” އަސްމަހާނު ހިނިއައިސްފައި ހުރިއިރު ދުވަހަކުވެސް އޭނާއަށް އެފަދަ އުފާވެރިކަމެއް ނުލިބޭފަދަ އެވެ. ހީވަނީ މާމައަކަށް ވާން އުޅޭކަމުގެ ޚަބަރު އަލަށް ލިބިގެން އުޅޭހެންނެވެ.

ސަމަރް ގާތު ނުރޯނަމޭ ބުންޏަށް ޢިޒްވާގެ ލޯނުތެމި ގިނައިރަކު ނުހުއްޓެވެ. އެކަނިވުމާއެކު އެދެލޯ ފުރިބަންޑުންވީއެވެ. ގިސްލެވުނު ޢިޒްވާ ދެލޯމަރާލަމުން އެނދުގެ ފައިލާކޮޅުގައި ބާއްވާލި އަތުގެތެރޭ އޭނާގެ މޫނު ފޮރުވާލިއެވެ. އަމިއްލަ ހާލާމެދު ޝަކުވާކޮށް އޭނާ ރުޔަސް މިއަދު އެއަޑުއަހަން ހުރީ އޭނާ ހެއްދެވިފަރާތެވެ. އޭނާގެ ކެތްތެރިކަން އިމްތިހާނުކުރައްވާނީ ކިހާ ދުވަހަކުކަމާމެދު ޢިޒްވާއަށް އޭނާގެ ޟަމީރާ އެތައްފަހަރަކު ސުވާލުކުރެވުނެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ. ޝަދަފާ ވަކިން ހޭދަކުރާ އެންމެ ސިކުންތަކީ ވެސް އޭނާގެ ހިތަށް ތަހައްމަލުކުރަންދަތި އެތައް ޒަހަމްތަކެއް ލިބެމުންދާ ވަގުތުތަކެވެ. ޚަޔާތުގައި އޭނާ މިހާރު އެހުރި ހިސާބަށް އާދެވުނުއިރު އޭނާގެ އަތުން އެތަކެއް އުފާތަކެއް މިދުނިޔޭވަނީ ފޭރިގަނެފައެވެ. އެއްފަހަރު ހިނިތުންވެލައިފިއްޔާ އަނެއްދަފަހަރު އޭނާ ރޮއްވާލައެވެ. ހިތުގައި ޖައްސައެވެ. ހިތްވަރުކުރަން ބޭނުންވިޔަސް ނިކަމެތިކަން ހަނދާންކޮށްދޭކަހަލައެވެ. ހަތަރުފާރުގެ ތެރެއިން އޭނާ ބޭރަށް ނުކުންނަން ބޭނުންނުވަނީ ވެސް އެހެންވެއެވެ. މިއަނިޔާވެރި ދުނިޔެ އޭނާއަށް ހެވެއްނޭދެނެއެވެ. ލޮލަށް ދައްކަނީ ހިތްމަރުވާފަދަ މަންޒަރުތަކެވެ. އިއްވަނީ ދިރިއުޅުންދެކެ ފޫހިކުރުވާފަދަ އަޑުތަކެވެ. ދެކަންފަތުގައި ދެލޮލުގައި އެއްފަހަރާ އަތްއަޅާނީ ކިހިނެއްހެއްޔެވެ. އަހަރުތަކަކަށްފަހު ޢިޒްވާގެ ކުރިމައްޗަށް ޝަދަފު އައީއެވެ. ސިފައަށް ބަދަލުއައިސްފައި ހުރިނަމަވެސް އެއީ ލޯބިވާ ފިރިމީހާއެވެ. އެދެމެދުގައި އޮތްގުޅުމަކީ މިހާރު އޮތްއެއްޗެއް ނޫނެވެ. ޝަދަފު އޭނާގެ މަތިން ހަނދާންނައްތާލައިފިއެވެ. އެދުވަހަކުގެ އެކްސިޑެންޓުގައި ޢިޒްވާގެ ފުރާނަ ގެންދިޔަނަމަ ކިހާ ރަނގަޅުވީސް ނަމައޭ ޢިޒްވާގެ ހިތަށްއެރިއެވެ. ހަމައެހިނދު ޢިޒްވާގެ އަތްޖެހުނީ އެނދުމަތީ އޮތް ކުޅޭކުޅޭ ބުދުގައެވެ. “ސްޕައިޑަމޭން” ގައެވެ. ދެއަތުން އެބުދުގެނެސް މޭގައި ފޮރުވާލުމާއެކު ޢިޒްވާއަށް ކުރިއަށްވުރެ ބާރަށް ރޮވިއްޖެއެވެ. އިސްޖެހިފައި އިނދެ ރޮމުންދިޔައިރު ޢިޒްވާ ހީވަނީ ރޫޅިގެން ތިރިއަށްވެއްޓިދާނެހެންނެވެ. އޭނާގެ ގިސްލުމުގެ އަޑުން މުޅިކޮޓަރި ގުގުމާލިއެވެ.

“ޝޯއެއް އޮތީތަ، ހާދަ އަޑުގަދައޭ” އިސްކަންދަރު ސްކޫލުގެ ގޯތިތެރެއަށް ވަދެގެން ދިޔަ ޒައުލް، ޝަދަފުގެ ކަންފަތާ ކައިރިވެލާފައި ނިކަން ބާރަށް ބުންޏެވެ. މުޅިންތަން ގުގުމާލާފައި ވަނީ މިއުޒިކުގެ އަޑުންނެވެ. ވަށައިގެން ނަޒަރު ހިންގަމުންދިޔަ ޒައުލް ވެސް ހުރީ ވަރަށް ގަޔާވެފައެވެ.

“ހީވަނީ ދޯ، މިގަޑީގަ ހާދަ މީހުންވެސް ގިނައޭ، މިއަދު ހަވީރު މިހާ މީހުނެއްނެތް” ޝަދަފު ކުރިއަށް ދިޔައީ ދާންވީ މިސްރާބު އެނގިހުރެގެންނެވެ.

“މިރޭ ޚާއްޞަވެފައި އޮތީ ހުސް ވެސް މީހުންގެ ފިރިންނަށް ކަންނޭނގެ، އަނެއްކާ ރީތި އަންހެންކުދިންގެ ސޭލްއެއް ކުރިއަށްދަނީ ކަންނޭނގެ” ޒައުލް ގަސްދުގައި ޝަދަފާ ދިމާކޮށްލިއެވެ. ލާނެތްގޮތަކަށް ހީނލަމުންނެވެ. ޝަދަފު ވެސް ލޯހިމަކޮށްލާފައި ޒައުލްއަށް ބަލާލި ނަމަވެސް ހޭންފެށިއެވެ.

“ޝިޓް…” ޝަދަފު ކުއްލިއަކަށް ހުއްޓުން އަރާފައި އަތްފޮޅާލި ގޮތުން ޒައުލް ބަލާލިއެވެ. އޭނާ ބަލަންހުރި ދިމާލަށް ބަލާލާފައި ބުމައަރުވާލަމުން ލޮލުން އިޝާރާތްކޮށްލީ “ކިހިނެއްތޯވީ” އަހާލާފަދަ ގޮތަކަށެވެ.

“އެއީތަ! އެއީ ފެނިގެން ހަނދާންނުނެތިގެން ތިއުޅޭ ސޫރައަކީ” ޕަކަޕަކަ އަޅާފައި ހޭންފެށި ޒައުލް ބުންޏެވެ. އެންމެ އެތެރޭގައި ހުރި ސްޓޯލްގެ މޭޒުދޮށުގައި އޭރު މަޑުކޮށްލައިގެން ހުރި އަންހެންމީހާ ޒައުލްއަށް ފެނުނެވެ. މޫނުގައި ކުލައުނގުޅާލާފައި ހުރިއިރު ހީވަނީ މާއްޔެއްހެންނެވެ. ލާފައި ހުރި ހެނދުމުން އެރީތި ހަށިގަނޑު ފެންނަނީ ތަށިބަރިއެއް ހެންނެވެ. ސީދާކޮށްލާފައި ހުރި އިސްތަށިގަނޑު ހީވަނީ އިލޮށިފައްޗެއް ހެންނެވެ. ޒައުލް އޭނާގެ ބަނޑުގައި އަތްއަޅާލަމުން ގުދުވެ އޮވެ ހެމުންދިޔައެވެ.

“އިޓްސް ނޮޓް ފަނީ ޒައުލް… މޫޑު ވެސް ހަރާބުވެއްޖެ، ބޭކާރުކަމެންނު މިކުރެވުނީ، އެމީހުންނެއް ނޫނޭ މިއަދު ހަވީރު ތިބީ” ޝަދަފު ފަސްއެނބުރިލަމުން ބުންޏެވެ. އޭނާގެ މޫނުމަތިން މާޔޫސްކަން ފާޅުވެގެންދިޔައެވެ.

“އެކުއްޖާ ގާތަށް ގޮސްލާފައެއްނޫންތަ ދާނީ، ސެލްފީއެއް ވެސް ނަގަންވާނެ އެންނު” ޒައުލް ހެމުން ހެމުން ވާހަކަދެއްކިއެވެ. އަދި އަތުގައި އޮތް ފޯނުގެ ކެމެރާ ހުޅުވާލަމުން ޝަދަފުގެ ކޮނޑަށް އަތްވައްޓާލާފައި އޭނާއާ ދިމާލަށް ދަމާލަމުން ދެމީހުންގެ ފޮޓޮއެއް ނެގިއެވެ. މޫނު ކުނިކޮށްލި ޝަދަފު، ޒައުލްގެ އަތް ފޮޅުވާލިއެވެ. އޭނާ ހިނގައިގަތީ އެތަނުން ނުކުންނާށެވެ. ދަމުން ޒައުލްގެ މުލައްދަނޑީގައި ހިފާ ދަމައިގަތެވެ.

“ހެ ހެ ހެ… ސޮރީ… ސޮރީ…، ހަމަ މަޖާވީ ފެނުނު މަންޒަރުން، ކޮންމެހެން ޑިފީއާ ދިމާކުރާކަށްނޫން” ޒައުލް މިހެން ބުނިއިރު ވެސް ހެނީއެވެ. އިތުރު ވާހަކައެއް ޝަދަފު ނުދައްކައެވެ. ދެޒުވާނުން އައިސް އެރީ ޒައުލްގެ ކާރަށެވެ. ދެން އެމީހުންގެ މަޒިލެއްކަމުގައިވީ އޯޕަން އެއަރ ރެސްޓޯރެންޓެއްގެ ކޮފީމޭޒެކެވެ.

އެނދުގައި އޮތް ރީޝަމްއަށް އިރުއިރުކޮޅާ ބަލާލެވެނީ އެއްފަރާތުގައި ހުރި ގަޑިއަށެވެ. ވޭތުވެދިޔަ ގަޑިއެއްހާއިރުތެރޭ އޭނާ ޝަދަފަށް ތިންފަހަރަށް ގުޅައިފިއެވެ. ގެއަށް އަންނަނީ ކޮންއިރަކުންތޯ އަހާށެވެ. “މިއަންނަނީއޭ” ބުނިފަހުން ވެސް ބައިގަޑިއިރަށްވުރެ ވެސް ގިނައިރުވެގެން ދިޔައީ ވިއްޔާއެވެ. އެންމެފަހުން ނޯވެވިގެން ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން ރީޝަމް އިނެވެ. ޝަދަފުގެ އުޅުމާމެދު ހިތްހަމަނުޖެހިފައެވެ. އެއްޗެހި ކިޔަން ބޭނުންވިޔަސް އެކަންވެސް އޭނާއަށް ކުރާކަށް ނުކެރޭނެއެވެ. ހިތަށްއަރާ ހުރިހާ އެއްޗެއް ހިތުގައި ފޮރުވައިގެން އިންނަންޖެހޭތީވެ ރީޝަމްގެ ރުޅިގަދަވާގޮތްވިއެވެ.

ދޮރުހުޅުވާލާފައި ކޮޓަރިއަށް ވަން ޝަދަފަށް ރީޝަމް ހޭލާ އިންތަން ފެނުމުން ކުޑަކޮށް ސިހުނެވެ. އަވަސް އަވަހަށް އަތުކުރީގައި އޮތް ގަޑިއަށް ބަލާލެވުނެވެ. އެކެއްޖަހާ ދިޔައީއެވެ. އޭނާ ފަހުން ޒައުލްއާއެކު ދިޔައީ އެގެއަށެވެ. ހަޤީޤަތުގައި ގެއަށް އަންނަހިތް އޭނާ ނުވަނީއެވެ. ކީއްވެކަމެއް ޚުދު ޝަދަފަށް ވެސް ނޭނގެއެވެ. ރީޝަމް އެވަރަށް ގުޅީމާ ވެސް ލަސްކޮށްލެވުނީ ގެއަށް އަންނައިރު އޭނާ ނިދާފާނެއޭ ހީވެގެންނެވެ. ނަމަވެސް ރީޝަމްގެ މޫނު ފެނުމުން އޭނާ ހިތްހަމަނުޖެހިފައި އިންވަރު މީހަކު ނުބުންޏަސް ޝަދަފަށް އެނގުނެވެ. ގަސްދުގައި އެކަމަށް މާބޮޑު ފަރުވާލެއް ނުދީ އޭނާ ކޮޓަރީގެ ދޮރު ލައްޕާލަފައި އެތެރެއަށް ވަދެގެން އައެވެ. އަދި ރީތިވާ މޭޒުކައިރީ ހުއްޓި އަތުކުރީ އަޅާފައި އޮތް ގަޑި ނަގާ މޭޒުމަތީ ބާއްވާލިއެވެ. އަދި ލައިގެން ހުރި ޓީޝާޓު ބާލަން މަސައްކަތްކުރިއެވެ.

“ތީ ޖިމްއަށް ދިޔަ މީހާ، ކާކުގެ އެއްޗިއްސެއް ލައިގެން ތިހިރީ، ޑިފީގެ އެއްޗެހި މިގޭގަ ނޫނަސް އެހެންތަންތަނުގައި ވެސް ބަހައްޓައިގެންތަ ތިއުޅެނީ” ޝަދަފު އެއްޗެއް ނުބުނުމުން ކުރިއަށްވުރެ ރުޅިގަދަވި ރީޝަމްއަށް ދޫހިމޭންކޮށްގެން ނީނދެވުނެވެ.

“ރީޝް ކީއްވެތެ ނުނިދާ ތިއިނީ” ޝަދަފު ވާހަކަދެއްކީ މަޑުމައިތިރިކަމާއެކުއެވެ. އޭނާއަށް ވިސްނޭގޮތުގައި ރީޝަމް ރުޅިއައިސް ހިތްހަމަނުޖެހޭވަރުގެ ކަމެއް އޭނާއަކަށް ނުކުރެވެއެވެ.

“ޑިފީ، އަހަރެން ބުނި އެއްޗަކަށް އިހަށް ޖަވާބު ދީބަލަ، ލައިގެން ތިހިރީ ކާކުގެ ޓީޝާޓަކާ ޖިންސެއްހޭ” ރީޝަމް އަނެއްކާ ވެސް ކުރިން ބުނި އެއްޗެއް ތަކުރާރުކޮށްލިއެވެ.

“ޒައުލްގެ… ދެން ތިހެން ނީނދެ ނިދަން އޮށޯވޭ، އަހަރެން ވެސް މިއަންނަނީ ނިދަން، ވަރަށް ވަރުބަލިވެފައި މިހިރީ، މިރޭ ބޭނުންވަނީ ތަންކޮޅެއް އަވަހަށް ނިދާލަން” ޝަދަފު މިހެންބުނެ ހިނގައިގަތީ ފާޚާނާއާ ދިމާލަށެވެ.

“އަހަރެން ނުލާހިކު މުހިއްމު ވާހަކައެއް ދައްކަން ބޭނުންވެގެން ޑިފީއަށް އެވަރަށް ގުޅާފައި ގެއަށް އަންނަން އެދުނީ، އެކަމަކު ޑިފީ ކަންތައްކުރާގޮތް ތިހިރީ، އެއްގޮތަކަށް ވެސް ފީލްއެއްނުވޭ ޑިފީ އަހަރެންގެ ފީލިންގްސްއަށް ރެސްޕެކްޓުކުރާހެނެއް” ރީޝަމް ތުންފިއްތާލަމުން އިސްޖަހާލައިގެން އިނދެ ބުންޏެވެ. އެއަޑު ފާޚާނާއަށް ވަން ޝަދަފަށް އިވުނެވެ. އެހެންނަމަވެސް އޭނާ އެއްޗެއް ނުބުންޏެވެ.

ޝަދަފު ފާޚާނާއަށް ވަދެފައި ނުކުންއިރު ރީޝަމް އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ޝަދަފު އައިސް އެނދުގައި އޮށޯތުމާއެކު ރީޝަމް އޭނާއަށް ބަލާލަމުން އަރިއަކަށް ޖެހިލިއެވެ.

“ކޮބާތަ މައްސަލައަކީ ޑިފީ” ރީޝަމް ވާހަކަދެއްކިއެވެ.

“މައްސަލައެއް އުޅޭ ވާހަކަ އަހަރެން ބުނިންތަ، ދެން ތިބޭކާރު ކަންތައްތަކާ ނުވިސްނާ ނިދާލެވޭތޯ ބަލާ، އަރާމުކޮށް ނިދާލާފައި ތެދުވެ، ހެނދުނުން ވާހަކަދައްކާނީ، އޯކޭ އެންނު” ޝަދަފު، ރީޝަމްއަށް ބަލާލަމުން ހިނިތުންވެލާފައި ރީޝަމްގެ މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅެއް ރަނގަޅުކޮށްލަ ދިނެވެ.

“ޕްރޮމިސްތަ” ރީޝަމް އަހާލީ ކުޑަކުއްޖަކު ފަދައިންނެވެ. ޝަދަފުގެ ހަރަކާތްތައް ހުރިގޮތުން ހީވަނީ އޭނާ ކުރަން ބޭނުންނުވާ އެތައްކަމެއް ކުރަން މުޖޫބުރުވެގެން އުޅޭހެންނެވެ. މިރޭ އޭނާއަށް ރަނގަޅީ އެކޮޓަރީގައި ރީޝަމް ނެތިއްޔާއެވެ. އެހެން ހިތައްއަރަންވީ ސަބަބެއް ވެސް ޚުދު ޝަދަފުގެ ހިތާ ސިކުނޑިއަށް ބުނެދޭކަށް ނޭނގެއެވެ. ސިކުނޑީގައި އެތައްކަމެއް ފޮރުވިފައިވެއެވެ. އެކަކާ ވެސް ޙިއްސާކުރަން ޝަދަފު ޖެހިލުންވަނީއެވެ. އޭނާ މިހާރު އެހުރި ހާލަތުންނެވެ.

“ޕްލީޒް ރީޝް، މިރެއަކު ނޫން، އަހަރެން ބުނީމެންނު މިރޭ ނިދާލަންށޭ ބޭނުންވަނީ” ޝަދަފާއި ގާތްވެލާފައި އޭނާގެ ހަށިގަނޑުގައި ރީޝަމްގެ އަތްތިލަ ބީހެންފެށުމުން ބުންޏެވެ. އަދި ރީޝަމްގެ އަތުގައި ހިފާ ދުރަށްލިއެވެ.

ޝަދަފަށް ފުރަގަސްދެމުން އަނެއްފަރާތަށް ރީޝަމް އެނބުރުނު އިރު އެމޫނުމަތީގައިވަނީ ރުޅިވެރިކަމާ ހިތައިމައިގެ އަސަރެވެ. ކައިވެނިކުރިފަހުން އޭނާގެ ބީހުންތަކަށް ޝަދަފު ހުރަސްއެޅި އެއީ ފުރަތަމަފަހަރެވެ. ޚުދު ރީޝަމްއަށް ވެސް ޤަބޫލުކުރެވޭގޮތުގައި ޝަދަފު އޭނާއާ ކައިވެނިކޮށް އަނތްބެއްގެ މަޤާމު ދިނަސް ރީޝަމްއާމެދު ކަންތައްކުރަނީ ލޯބިވާ އަނތަބަކާމެދު ކަންތައްކުރާ ގޮތަކަށް ނޫނެވެ. އަދިވެސް އޭނާއަށް ޝަދަފު ބޭނުންވާފަދަ އަނތްބަކަށް ނުވެވެނީއެވެ. އޭނާގެ ބީހުންތަކަކީ ޝަދަފަށް ހަމައެކަނި ވަގުތީ ލައްޒަތެއްލިއްބައިދޭ ޝަރާބެކެވެ. ނަމަވެސް އެއަށްވެސް ޝަދަފު ދެވިނުހިފީތީ ރީޝަމް ހައިރާންވެއެވެ. ދެން ހަދާނޭ ގޮތަކާމެދު ވިސްނަން އޮވެވުނީއެވެ. އޭރު އޭނާގެ ގާތުގައި ޑޮކްޓަރު ޒޭން ބުނި އެއްޗެއް ސިކުނޑީގައި ހަރުލާފައި ހުއްޓެވެ. ބަލިއިނުމަށް ފަސޭހަނުވާނެކަމާ އެކަމަށް ޖެހޭނީ ބޭސްކުރަން ކަމެވެ. އެހެންވިޔަސް ތިންމަސްދުވަހުގެ ބޭހާއެކީ ބަލިވެއިނުމުގެ ފުރުޞަތު އެބައޮތްކަމުގައެވެ. އަދި އޭގެ އިތުރުން ފަހަރެއްގައި ބޭހާ ނުލާ ވެސް ރީޝަމް ބަލިވެ އިނދެދާނެކަމެވެ. ފިރިމީހާއާއެކު ރޭކުރާކަމުގައިވަނީނަމަ އެފުރުޞަތު ނޯވެނުދާނެކަމުގައެވެ. ނަމަވެސް ރީޝަމްއަށް އެއީ ވަރަށް ހަނިފުރުޞަތެއްކަމެވެ. އޭނާ ޝަދަފްއާ ދައްކަން ބޭނުންވަނީ އެވާހަކައެވެ. ދަރިއަކު ހޯދުމަށް އޭނާ މަސައްކަތް ފަށާފައިވާ ވާހަކައެވެ. އޭނާ ބޭސްކާންފެށި ވާހަކައެވެ. ޝަދަފުގެ ފަރާތުން ރީޝަމް ބޭނުންވާގޮތަށް ލޯބި ނުލިބުނަސް، އެއިންސާނާގެ ފަރާތުން ދަރިއަކު ލިބުމަކީ ވެސް ރީޝަމްގެ ހިތަށް ފިނިކަން ގެނެސްދޭނޭ ކަމެކެވެ.

ނިތްކުރީގައި އަތްބާއްވާލައިގެން ޝަދަފު އޮތްއިރު އޭނާގެ ސިކުނޑީގައި ސިފަވަމުންދިޔައީ ހަވީރު އޭނާއަށް ފެނުނު އަންހެން ކުއްޖާއެވެ. އޭނާ ޝަދަފު ފެނުމުން ކައިރީގައި ހުރި އަންހެން ކުއްޖާގެ ފަހަތަށްވަދެ ފިލިގޮތެވެ. އަނެއްކާ އޭނާއަށް ޝަދަފު އެނގެނީބާއެވެ. ޚުދު ޝަދަފްއަށްވެސް އެއަންހެން ކުއްޖާފެނުމުން އެއީ ދަންނަ ކުއްޖެއްހެން ހީވިއެވެ. ބުނެދޭން ނޭނގޭ ގާތްކަމެއް ހިތުގައި އުފެދިގެންދިޔައީ ކީއްވެބާއެވެ. ލޯމަރާލާއިރަށް ޝަދަފަށް ސިފަވަނީ އެއަންހެން ކުއްޖާއެވެ. ބާލީހުގައި ބާރަށް ބައްދާލީ އެއަންހެން ކުއްޖާ އެއަތުގެ ތެރޭ ހިފަހައްޓާލަން ބޭނުންވެފައި އޮތް ކަހަލަ ގޮތަކަށެވެ.

ފަތިހިގެ ވަގުތެވެ. ނިދިފައިއޮތް ޝަދަފުގެ ނޭވާއަށް ބަދަލުތަކެއް އަންނަމުންދިޔައެވެ. އިހުސާސްކުރެވެމުންދިޔަ ބީހުންތަކާއެކު އޭނާގެ ހަށިގަނޑުގައި ޖެހެމުންދިޔައީ އަންހެންކުއްޖެގެ ނާޒުކު ހަށިގަނޑުކަން ދެލޯ މަރާލައިގެން އޮތް ޝަދަފަށް ޔަޤީންވެއެވެ. ނިދީގެތެރެއިން އޭނާގެ ލޯ ކުޑަކުޑަކޮށް ހުޅުވާލީ މަސްތުވެފައި އޮތްފަދަ ގޮތަކަށެވެ. ތުންފަތަށް ލުއިލުއި ހިނިތުންވުމެއްވެރިވެގެން ދިޔައީ އޭނާގެ މޫނާ ދާދިގާތުން ސިފަވި އަންހެން ކުއްޖާގެ ސަބަބުންނެވެ. އެއީ ހަމަ އެއަންހެން ކުއްޖާއެވެ. ޝަދަފު ހޯދަމުން އަންނަ އަންހެން ކުއްޖާއެވެ. އޭނާ ޝަދަފާ އެހާ ގާތްވީ ކިހިނެއްބާއެވެ. އަނެއްކާ ވެސް ޝަދަފަށް ދެލޯ މަރާލެވުނެވެ. އަދި އެއަންހެން ކުއްޖާގެ އުނަގަނޑުގައި ހިފާލެވުނީ ފެންނަމުންދިޔަ ހުވަފެނުން ދުވަހަކު ވެސް ހޭލަން ބޭނުންނުވާ ފަދަ ގޮތަކަށެވެ. ފުންވަމުންދިޔަ ނޭވާތަކާއެކު ޝަދަފަށް ކުރިއަށްވުރެ އެއަންހެން ކުއްޖާ ގާތްކޮށްލެވުނެވެ. އެވަގުތު އޭނާގެ ނޭފަތުގައި ޖެހުނީ ރީޝަމް އާއްމުކޮށް ބޭނުންކުރާ ސެންޓުގެވަހެވެ. ކުއްލިއަކަށް ސިކުނޑި އެހެންކަމަކަށް ހޭލައިގަތްކަހަލައެވެ. އިވެމުންދިޔަ އަންހެންވަންތަ އަޑަށް ކަންފަތް ސަމާލުވީ ވެސް ދެނެވެ. ތަންމިނަށް ހުޅުވާލި ލޮލާއެކު ޝަދަފަށް ފެނުނީ ރީޝަމްއެވެ. ކުރިމަތިން ފެންނަމުންދިޔަ ރީޝަމްގެ މޭގައި އަތްއަޅާކޮށްޕާލެވުމާއެކު ޝަދަފަށް ފުންމައިގެން އެނދުން ތެދުވެވުނެވެ. ހުރި ހާލާމެދު ވިސްނާލެވުނީ ދެނެވެ.

“ޑިފީ…” ގުޅައަކަށް އެނދުން ވެއްޓިޖެހުނު ރީޝަމްގެ އަޑުބާރެވެ. ކާޕެޓުމަތީ ޖެހުމާއެކު ހަމައެހާ ހަލުވިކޮށް ކޮޅަށްތެދުވެ ޝަދަފަށް ބަލަން ހުރީ ހައިރާންވެ އަންތަރީސްވެފައެވެ.

“ވަޓްސް ރޯންގް ވިތް ޔޫ…” ދެބުމަކައިރިކޮށްލަމުން ޝަދަފު މިހެން ބުނިއިރު އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިކަން ރީޝަމްއަށް އެނގުނެވެ.

“އަހަންނަށްތަ ކަމެއްވެގެން މިއުޅެނީ، އިޓްސް އަ ކޯލްޑް މޯނިންގ… އަލަކަށް ނޫނެންނު” ރީޝަމް ވެސް ގޮތްދޫނުކޮށް ވާހަކަދެއްކީ ޝަދަފު ކަންތައްކުރި ގޮތުން ހިސާބަކަށް ލަދުގެންފައި ހުރެއެވެ. ނަމަވެސް އެކަން ފާޅުކުރަން ބޭނުންނުވީއެވެ.

“ހެވޭ، އަހަރެން ނިދާފަ އޮންނައިރު މީގެ ފަހުން ކައިރިވެގެން ނުވާނެ…” ނިކަން ބާރަށް މިހެންބުނެލި ޝަދަފު ފުންނޭވާއެއް ބޭރުކޮށްލަމުން ހަލުވިކޮށް ހިނގާފައި އައިސް ފާޚާނާއަށް ވަނެވެ. ކުޑަހިނދުކޮޅަކަށް ނަމަވެސް އޭނާ އޮތީ ފެންނަމުންދިޔަ ހުވަފެނުން ހޭލަން ބޭނުންނުވެފައެވެ. ނަމަވެސް އޭނާގެ ސިކުނޑި އޭނާއާ ކުރަމުންދިޔައީ ނުބައި ސަމާސާއެއްކަން އެނގުމުން ޝަދަފު ރުޅިއައެވެ. މުއްކަވާލި އަތުން ފާޚާނާގެ ދޮރުގައި ޖަހާލެވުނީ ވެސް އެހާބާރަށެވެ. އެއަޑާއެކު ކޮޓަރީގައި ހުރި ރީޝަމް ދިޔައީ ސިއްސައިގެންނެވެ. ޝަދަފު އެވަރަށް ހިތްހަމަނުޖެހެންވީ ސަބަބެއް ރީޝަމްއަކަށް ނުވިސްނުނެވެ. އޭނާއަށް ކުޑައިރުކޮޅެއް ކުރިން ފެނިގެންދިޔައީ އޭނާގެ ބީހުންތަކަށް މަރުހަބާ ކިޔަމުންދިޔަ ޝަދަފެވެ. ނަމަވެސް ކުއްލިއަކަށް އެވީ ކިހިނެއްކަމެއް ނޭނގެއެވެ. އެނދުގައި އިޝީދެލައިގެން އިން ރީޝަމްގެ ލޮލުން ކަރުނަ ފާއްދާލުމާއެކު އަވަސް އަވަހަށް ލޯފޮހެލީ ޝަދަފު ނުކުންނައިރު ރޯން އިންނަން ބޭނުންނުވާތީއެވެ.

“އަހަރެން މޮޔަވަނީތަ…” ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަހައްޓައިގެން ހުރެ ދެއަތުން ބޮލުގައި ހިފަހައްޓާލި ޝަދަފު ބުންޏެވެ. ހަމައެހިނދު އޭނާގެ ބޮލުގައި އާއްމުކޮށް ރިއްސާފަޅީގައި ރިހެންފެށީ ވަރަށް ގަދައަށެވެ. އަވަހަށް ފެންމާގަނޑުދަށަށްވަދެ ފިނިފެނުން ބޯތެތްމާލިއެވެ. އަދި ބިލިނގާގައި އިށީނދެލުމާއެކު އޭނާއަށް މިވާގޮތަކާމެދު ވިސްނެން ފެށުނެވެ. އޭނާއަށް އެއަންހެން ކުއްޖަކީ ކާކުކަން ނޭނގޭއިރު ވެސް އެއަންހެންކުއްޖާގެ ވަރަށް ގިނަ ކަންތައްތައް އެނގޭހެން ހީވަނީ ކީއްވެބާއެވެ. މީގެ ކުރިން ވެސް އޭނާއަށް އެފަދަ އިހުސާސެއް ކުރެވުނެވެ. ޝަދަފުގެ ކައިރީ އުޅޭމީހުން އޭނާއާ މުހާތަބު ކުރަނީ “ޑިފީ”ގެ ނަމުންނެވެ. އެކަމަކު އެނުދަންނަ އަޑުން އޭނާއަށް ގޮވާލީ “ޝަދަފު” ގެ ނަމުންނެވެ. އެއީ ކޮންއަންހެން ކުއްޖެއްބާއެވެ. އަނެއްކާ އޭނާގެ ގައިގާ ޖިންނިއެއް އަވަލީ ނޫންބާއެވެ. ފެންނަފެނުމަށް އެފަދަ އަސަރުތަކެއްހެން ވެސް ޝަދަފަށް ހީވިއެވެ. އޭނާ ކިޔަވަންއުޅުނުއިރު އެކަހަލަ ވާހަކަ އެކުވެރިން ކިޔާދެއެވެ. މިހާރު ޝަދަފާ ދިމާވެގެން މިއުޅެނީ ޖިންނި އަންހެންކުއްޖަކަށް ވެސް ވެދާނެއެވެ. އޭނާއަށް ބާރުފޯރުވަނީއެވެ. މިއީ އާދައިގެ އިންސާނަކަށް ކުރެވޭނޭ ކަމެއްނޫނެވެ. ވޭނީ އާހެއް ބޭރުވެގެން ދިޔަ ޝަދަފު އަނެއްކާ ވެސް އޭނާގެ ބޮލުގައި ހިފަހައްޓާލިއެވެ. އޭނާ އެކަމާ ވިސްނިވަރަކަށް ބޮލުގެ ރިހުން ގަދަވަނީއެވެ. ނޭނގޭ އަނދިރިކަމެއްގެ ތެރޭ އޭނާ ފީނަމުންދިޔައީ ކޮންކަމެއް ހޯދަންކަމެއް ނޫނީ ކާކު ހޯދަންކަމެއް ވެސް ޚުދު ޝަދަފަކަށް ނޭނގެއެވެ. ބޮލުގައި ދެއަތުން ހިފަހައްޓާލުމާއެކު ބާރަށް ހަޅޭލަވައިގަނެވުނެވެ. އެއާއެކު ދެންއިވުނީ ރީޝަމް އައިސް ފާޚާނާ ދޮރުފަތުގައި ތަޅައިގަތްއަޑެވެ.

“ޑިފީ ޕްލީޒް ދޮރުހުޅުވަބަލަ، ކިހިނެއްތަވަނީ… ޕްލީޒް ޑިފީ، މި ދޮރުހުޅުވަބަލަ، އެހެންނޫނީ މަންމަމެނަށް ގޮވަން މިދަނީ” ޝަދަފުގެ ހަޅޭކާއެކު ރީޝަމް ބިރުގަންނަ ގޮތްވީއެވެ. ހީވަނީ ޝަދަފު ކޮންމެވެސް ބޮޑު ވޭނެއްގައި އުޅޭހެންނެވެ. ކަންބޮޑުވެފައި ހުރި ރީޝަމްއަށް ހަދާނެގޮތެއް ނޭނގުނެވެ. ދުވެފައި އައިސް ރީތިވާ މޭޒުގެ ވަތްގަނޑު ހާވަންފެށިއެވެ. އެކޮޓަރީގައި ހުރި ހުރިހާތަނެއްގެ ތަޅުދަނޑިފަތި ފެނޭތޯއެވެ. ވަތްގަނޑުގެތެރެއިން ތަޅުދަނޑިފައްޗެއްގައި އަތްޖެހުމާއެކު އެހިފައިގެން ފާޚާނާއާ ދިމާލަށް ރީޝަމް ދުއްވައިގަތެވެ. އެހިނދު އޭނާ އައިސް ޖެހުނީ ފާޚާނާއިން ނުކުން ޝަދަފުގެ ގައިގައެވެ. އަވަސް އަވަހަށް ދުރަށް ޖެހިލި ރީޝަމް، ޝަދަފަށް ބަލާލިއެވެ. ޝަދަފުގެ ދެލޯވަނީ ރަތްވެފައެވެ. އޭނާގެ މޫނަށް ވެސް މަޑުރަތްކަމެއް ވެރިވެފައި ހުއްޓެވެ. ރީޝަމްއަށް ބަލާލުމެއްނެތި އައިގޮތަށް އައިސް ރީތިވާމޭޒުކައިރީ ހުރި ކެބިނެޓުގެ ބިއްލޫރި ދޮރުފަތް ހުޅުވާލާފައި ޝަދަފު ކާންގެންގުޅޭ ބޭސްދަޅު ނެގިއެވެ. އަދި އަތަށް އަޅާލި ބޭހާއެކު ފެންފޮދަކާ ނުލާ ބޭސްތައް ކާލައިފިއެވެ.

“ޑިފި… ޕްލީޒް، ވީގޮތެއް ބުނެބަލަ، ތިބޭސް ކެއީ ކާންޖެހޭ ވަރަށްވުރެ މާގިނައިން، އެއްވެސް ބޭހަކީ ޑޮކްޓަރުން ކާންބުނާ ވަރަށްވުރެ އިތުރަށް ކައިފިއްޔާ އޭގެން ލިބޭ ފައިދާއަށްވުރެ ގެއްލުން ބޮޑުވާނެ ކަމެއް، ޕްލީޒް ޑިފީ، އަހަންނާ ވާހަކަދައްކަބަލަ” ތައްޔާރުވަމުންދިޔަ ޝަދަފުގެ ފަހަތުން ރީޝަމް އާދޭސްކުރަމުން ހިނގިއެވެ.

ޝަދަފު ހެނދުނުގަޑީގައި ލާއުޅޭފަދަ ޓީޝާޓަކާ ސޯޓުގައި އޭނާ ހިނގައިގަތީ ކޮޓަރިންނުކުންނާށެވެ. ރީޝަމް އަވަސް އަވަހަށް ނައިޓީއާ އޭގެ މަތިން ރޮބް ގަޔަށް ހެޔޮވަރުކޮށްލުމާއެކު ޝަދަފުގެ ފަހަތުން އައެވެ. އޭނާއަށް ގޮވަމުންނެވެ.

“ފަސްމިނެޓަށް ވިޔަސް އަހަރެން އެކަނިވިޔަ ދީފަނަންތަ، ހެޔޮނުވާނެ…” ރުޅިވެރި މޫނާއެކު ފަސްއެނބުރި ރީޝަމްއަށް ބަލާލި ޝަދަފު މިހެންބުނެލި ގޮތުންނާ ބުނިލެއް ބާރުކަމުން، ރީޝަމް ވެސް ހުރީ ޖެހިލުންވެފައެވެ.

“ޔޫ އަރ ނޮޓް އޯލްރައިޓް” މަޑުމަޑުން ވައިއަޑުން ކަހަލަ ގޮތަކަށް ހަޝަމްބަދެލައިގެން ހުރެ ރީޝަމް ބުނެލިއެވެ.

“އަހަރެން މިދަނީ މަރުވާކަށް ނޫނޭ، މިގޭތެރޭ ރީޝްއާނުލާ އަހަންނަށް ފިޔަވަޅެއްވެސް ނާޅަންވީތަ” ޝަދަފްއަށް ވާހަކަދެއްކުނީ އާދަޔާ ޚިލާފަށް ބާރަށްކަން އޭނާއަށް ނޭނގޭކަހަލައެވެ. އިތުރަށް އެއްޗެއް ބުނަން އަނގަހުޅުވާލި ރީޝަމް ދެތުންފަތް ކައިރިކޮށްލީ ލީވާން އޭނާގެ ކޮޓަރިން ނުކުންތަން ފެނިފައެވެ. އަދި އެނބުރި އަވަސް އަވަހަށް އޭނާގެ ކޮޓަރިއަށް ދިއުމަށް ރީޝަމް ހިނގައިގަތެވެ.

ކޮފީޖޯޑުހިފައިގެން ޓެރެސްއަށް އެރި ޝަދަފު އެތަނުގައި ހުރި އުނދޯލީގައި އިށީންނަމުން އަރިމަތީ ހުރި ވަށްމޭޒުމަތީ ކޮފީޖޯޑު ބެހެއްޓިއެވެ. އަދި ދެފަހަރަކު އުނދޯލި ހެއްލާލަމުން އޭގައި އޭނާ އޮށޯވެލިއެވެ. އަރަމުން އައި އިރުގެ ދޯދިތައް ޓެރެސްއާ ހަމައަށް ފޯރުމުގެ ކުރިން އެކަމަށް ހުރަސް އަޅަމުން ދިޔައީ ވަށައިގެން ހުރި އިމާރާތްތަކެވެ. ރޭގައި ވާރޭ ވެހުނުހެން ހީވާފަދަ ތެތްކަމެއް ފަޒާގައި ހަރުލާފައި ހުއްޓެވެ. ނަމަވެސް ފެންތިކިތަކުގެ އަސަރެއް ޓެރެސްގެ ފާރަށް އަރުވާފައި އޮތް ވެޔޮގަނޑުން ފާޅެއްނުވެއެވެ. ކުދިކުދި ފަތްތަކާއެކު މަޑުނޫކުލައަކަށްދާ ކުދުކުދި މާތަކެއް އެވެޔޮގަނޑުގައި ފޮޅިފައި އޮތެވެ. އެދިމާލަށް ނަޒަރު ހުއްޓާލައިގެން އެއްފައިން އުނދޯލީގެ ދަނގަނޑުގައި އަޅާ ކޮށްޕާލަ ކޮށްޕާލަ ޝަދަފު އޮތެވެ. އޭރު އުނދޯލި އެއްވަރަކަށް ހެއްލިލަ ހެއްލިލާ ހުއްޓެވެ. މަޑުމަޑުން ދެލޮލަށް ބަރުވާންފެށި ޝަދަފަށް އަނެއްކާ ވެސް ނިދުނީއެވެ. މިފަހަރު އޭނާއަށް ނިދުނީ ބޭހުގެ އަސަރު ކޮށްގެންނެވެ.

ޝަދަފަށް ހޭވެރިކަމެއްވީ އޭނާއަށް މީހަކު ގޮވާހެން ހީވެގެންނެވެ. ފުރަތަމަ ދުރުން އަޑުއައިހެން ހީވިޔަސް ފަހުން ދާދިގާތުން އިވުނެވެ. މަޑުމަޑުން ލޯހުޅުވާލިއިރު އޭނާގެ ގާތުގައި އަސްމަހާނު ހުއްޓެވެ. އެއާއެކު ވަށައިގެން ނަޒަރު ހިންގާލެވުނެވެ. އޭނާ އަށް އޮވެވުނީ އުނދޯލީގައިކަން ޔަޤީންވިއެވެ. ނަމަވެސް ގައިމަތީ އަޅާފައި އޮތް ރަޖާގަނޑަކީ ކިހިނެއް އެތަނަށް އައި އެއްޗެއްކަމެއް ނޭނގެއެވެ. މަޑުމަޑުން ޝަދަފު ތެދުވަން ފެށުމުން އޭނާއަށް އެހީތެރިވެދިނީ ލީވާންއެވެ. އޭރު އެތަނުގައި ޢާއިލާގެ ހުރިހާ މެންބަރުންހެން ތިއްބެވެ. ނެތީ ޔޫޝައު އެކަންޏެވެ. އަތުގެ ނުފުށުން ދެލޯ އުނގުޅާލުމާއެކު ޝަދަފު އަސްމަހާނަށް ބަލާލިއެވެ.

“ދަރިފުޅާ، މިހާރު ކިހިނެއްތަ؟” ކަންބޮޑުވެފައި ހުރި އަސްމަހާނު އައިސް ޝަދަފުގެ ގާތުގައި އުނދޯލީގައި އިށީންނަމުން އަހާލިއެވެ.

“އަޅުގަނޑު މިތާ އޮއްވާ ނިދުނީ، އެއީ އެވަރުކަމެއްތަ؟” ޝަދަފު ހައިރާންވެފައި އެންމެނަށް ނަޒަރު ހިންގާލަމުން ބުންޏެވެ.

“ދަރިފުޅަށް ކަމެއްނުވާނަމަ ކާންޖެހޭ ވަރަށްވުރެ ގިނައިން ބޭސްކާންވީ ކީއްވެ، ހިނގާ މަންމައާއެކު ހޮސްޕިޓަލަށް ދަމާ” އަސްމަހާނު ބުނިއެއްޗަކުން ޝަދަފު ބަލާލީ އެތަނުގައި ހުރި ރީޝަމްއަށެވެ. އަދި ދެއަތުން ރަޖާގަނޑު ބޮނޑިކޮށްލާފައި އުނދޯޔަށް އެއްލުމާއެކު ހިނގައިގަތީ އެތަނުން ދިއުމަށެވެ.

“ޝަދަފު، ކޮންތާކަށް ތިދަނީ” ހަލުވިކޮށް ޝަދަފުގެ ފަހަތުން ހިނގައިގަތް އަސްމަހާނު ތަންކޮޅެއް ބާރަށް ބުންޏެވެ.

“މަންމާ، އަޅުގަނޑަށް އެއްވެސް ކަމެއްނުވެޔޭ، ޕްލީޒް، ހީވަނީ ރަނގަޅަށް ނިދިނުލިބޭތީ ވީގޮތެއްހެން، މިދަނީ ކޮޓަރިއަށް އަރާމުކޮށްލަން” ޝަދަފު މިހެން ބުނުމުން އިތުރަށް އެއްޗެއް ބުނާކަށް އަސްމަހާނު ގަސްދެއްނުކުރިއެވެ. އެހެންނަމަވެސް ލޯމަތިން ޝަދަފު ގެއްލުމާއެކު އަވަހަށް އައިސް ރީޝަމްގެ މުލައްދަނޑީގައި ހިފާ ގާތްކޮށްލިއެވެ.

“ރީޝް، ދަރިފުޅު ދޭބަލަ ޝަދަފާއެކު ކޮޓަރިއަށް، އޭނާ އުޅޭނޫޅޭގޮތް ބަލަންވާނެ” ހާސްވެފައި ހުރެ އަސްމަހާނު ބުނެލިއެވެ. ބޯޖަހާލި ރީޝަމް ހިނގައިގަތީ ކޮޓަރިއަށް ދިއުމަށެވެ.

ރީޝަމް އައިސް ކޮޓަރިއަށް ވަންއިރު ޝަދަފު އޭނާ ބުނިހެން އެނދުގައި އޮށޯވެލައިގެން އޮތެވެ. ނިތްމަތީ އަތްބާއްވާލައިގެން ދެލޯ މަރާލައިގެންނެވެ.

“ޑިފީ، އަހަންނަށް އެނގޭ ޑިފީއަށް ކޮންމެވެސް ކަމެއް ވާކަން، ތިހެން ނޯވެ އަހަންނާ ޝެއަރކޮށްބަލަ، ހިތުގައި ފޮރުވައިގެން ހުއްޓެއްކަމަކު ހިތަށް ލުޔެއްނުލިބޭނެ… އަހަންނަށް ކަމެއް ކުރެވުނިއްޔާ އެކަންވެސް އަހަރެން ގާތު ބުނީމައެންނު އެނގޭނީ ރަނގަޅުކުރަން… ޑިފީ ޕްލީޒް…” ރީޝަމް އެނދުމައްޗަށް އަރާ ޝަދަފުގެ ގާތުގައި އޮށޯވެލިއެވެ. ނަމަވެސް ޝަދަފު ކަންތައްކުރިގޮތް ހިތަށްއަރާފައި އޭނާގެ ގައިގާ އަތްލާކަށް ރީޝަމްއަކަށް ނުކެރުނެވެ.

“އަހަރެން ބޭނުންވަނީ އަދިވެސް ނިދާލަން” މިފަހަރު ޝަދަފު ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ. އިރުކޮޅަކު ޝަދަފުގެ މޫނަށް ބަލަހައްޓައިގެން އިނުމަށްފަހު ރީޝަމް ތެދުވިއެވެ. އެހެންނަމަވެސް ޝަދަފުގެ ފަރާތުން އެއްވެސް އިޝާރާތެއްނުވިއެވެ.

މެންދުރު އެކެއް ވެސް ޖެހިފަހުން އެނދުން ހިއްލާލި ޝަދަފު ފެންވަރާލައިގެން ކޮޓަރިން ނުކުތީ ކާކޮޓަރިއާ ދިމާލަށް ދިއުމަށެވެ. އޭރު އޭނާ ހުރީ ވަރަށް ބަނޑުހައިވެފައެވެ. ސިޑިން ފައިބައިގެން އައިސް ބަދިގެ ފަރާތަށް ވަދެވުނުއިރު އެތަނުގައި އަސްމަހާނު ކާންއިނީ އެކަންޏެވެ.

“ޝަދަފް، ކާން ދޯ ތިއައީ، ޝެލީން، ތަށިތައް ނެގުމުގެ ބަދަލުގައި ޝަދަފަށް ކާން ތައްޔާރުކޮށްދީ” އަސްމަހާނު، ކާމޭޒުކައިރިއަށް އައުމަށް ޝަދަފަށް އިޝާރާތްކޮށްލުމާއެކު އެތަނުގައި މަސައްކަތްކުރަން އުޅުނު ޝެލީންއަށް އިރުޝާދުދިނެވެ.

“ދަރިފުޅާ، ރީޝް ދެކުނިންތަ؟ މެންދުރު ކާން ނައިސްގެން އަމޯރާ ފޮނުވިން ތިކޮޓަރިއަށް، އޭނާއަކަށް ވެސް ރީޝްއެއް ނުފެނުން، މަންމަ ރީޝްގެ ފޯނަށް ގުޅަންވެސް ގުޅައިފިން، ފޯނެއް ނުނަގާ” ޝަދަފު ކާންފެށުމާއެކު އަސްމަހާނު ވާހަކަދައްކަންފެށިއެވެ.

“އީޝް ދޮންއާއެކު ބޭރަށް ދިޔައީކަމަށް ވެދާނެ” ފަރުވާކުޑަގޮތަކަށް ޝަދަފު މިހެންބުނެލިއިރު އޭނާގެ ސަމާލުކަން ކާންއިން ތަށިފިޔަވާ އެހެން ދިމާލަކަށް ދޭން ބޭނުންނުވާ ކަހަލައެވެ.

“އީޝާ އާއި ލީވާން މެންދުރު އެފުރީ ހައިކަލްމެންގެ ދައުވަތަކަށް ރިސޯޓަށް، ރީޝް އެމީހުންނާއެކު ނުދާނެއެންނު ދަރިފުޅު ގާތު ނުބުނެ، އަޅެ ދަރިފުޅު ރީޝްއަށް ގުޅާލަބަލަ ކޮންތާކުތޯ ބަލާލަން” އަސްމަހާނަށް ކަމެއް ފާހަގަކުރެވުނެއްކަމަކު އޭނާއަށް އެކަން އެނގުނުކަމަށް ހަދާކަށް ބޭނުމެއްނުވިއެވެ. ޝަދަފް އާއި ރީޝަމްގެ ގުޅުން ހީނަރުވެދާނޭ ކަމަށް ހިތަށް ގެންނަން ވެސް ބޭނުންނުވާތީއާއެކު އެވެ.

“މަންމަ ކަންތައްތަކާ މާބޮޑަށް ވޮރީވަނީ، ޕްލީޒް މަންމާ، ރީޝް އެދިޔަތަނަކުން އޭނާ އަންނާނެއެންނު، ވެދާނެ އަޅުގަނޑު ނިދާފައި އޮތީމައި އުނދަގޫ ނުކުރަންވެގެން ނުބުނެ ދިޔައީކަމަށް، ފަހުން އަޅުގަނޑު ރީޝްއަށް ގުޅާލަ ފާނަން” ޝަދަފު ބުންޏެވެ.

* * * *

“ރީޝް، ތި ފޯނު ނަގާބަލަ، ކީއްވެތަ ނުނަގަން ތިއުޅެނީ، ކާކު ގުޅާތީތަ” މަރިޔާދުގޭގައި އެލުވާފައި ހުރި ޖޯލީގައި އޮތް ޒަބާ ބުންޏެވެ.

“ފޯނުނަގާފައި ބުނަންވީ ކީކޭކަން ނޭނގޭތީވެ ނުނަގަން މީނީ، މަންމާ، ފޯނާމެދު އިހަށް ނުވިސްނާ ނިކަން އަޅުގަނޑު މިދެއްކި ވާހަކައަށް ޚިޔާލެއްދެއްވާ” މޮޅިވެރިރާގެއްގައި ވާހަކަދެއްކި ރީޝަމްގެ ދެލޮލުން ފާޅުވަމުންދިޔައީ އިންތިހާ ދަރަޖައިގެ މާޔޫސީކަމެވެ.

“ޑިފީގާތު ބުނާނެކަމެއްނެތް، މަންމައަށް ފެންނަނީ އޭނާ ހަދާގޮތެއް ބަލާލަން މިރޭ މިގޭގައި މަޑުކޮށްލަން، އަސްމާއަކަށް ނުކެރޭނެ ދަރިފުޅު އެގޭން ނެރިލާކަށް، އޭނާ ކޮންމެ ގޮތަކުން ވިޔަސް ޑިފީ ފޮނުވާނެ ދަރިފުޅު ބަލާ، އޭރުން ޑިފީއަށް އެނގޭނެ ދަރިފުޅަށް ކޮންމެ ކޮންމެ ގޮތެއް ހަދާނުލެވޭނެކަން، ދަރިފުޅު ބަލަންވީ އިމޯޝަނަލީވިޔަސް ޑިފީ ބްރޭކްކޮށްލެވޭތޯ، އޭނާއާ ގާތްވެވޭނޭ ގޮތެއް ހޯދަންވީ، އެހެންނޫނީ ބޭބީއަކާ ހަމައަށް ދިއުމަކީ ވަރަށް ދުރުކަމެއް، ރީޝް، ރަނގަޅަށް ޑިފީ ދަސްކުރޭ، އެއަށްފަހު ދަރިފުޅުގެ ބާރުގެ ދަށުގައި އޭނާ ބަހައްޓާ” ޒަބާ ވަރަށް ވިސްނާލާފައި ވާހަކަދެއްކިއެވެ.

“އަސްމާ އާންޓީ މަންމަހާ ހެޔޮ، އެހެންމީހުން ވެސް އަޅުގަނޑުދެކެ ލޯބިވޭ، އެކަމަކު ޑިފީ… އޭނާއަށް ބައެއްފަހަރު ވާގޮތެއް ނޭނގޭ، ވަރަށް ލޯބިން އުޅެފައި ކުއްލިއަކަށް ބަދަލުވެދާނެ…” އިސްޖަހާލި ރީޝަމް މަޑުމަޑުން ބުނެލިއެވެ. ޒަބާ ޖޯލީގައި އިނދެ ރީޝަމްގެ ކައިރިއަށް ހެއްލާލިއެވެ. އަދި ދަރިފުޅުގެ ކޮނޑުގައި ފިރުމާލިއެވެ.

ރަސަލް ގެއަށް އައިއިރު ގޭތެރޭގައި ރީޝަމް އުޅޭތަން ފެނި އުފަލުން ސުވާލުކޮށްލެވުނީ ޝަދަފު ކޮބާތޯއެވެ. ރީޝަމްގެ ފަރާތުން ޖަވާބެއް އައުމުގެ ބަދަލުގައި އެސުވާލަށް ޖަވާބުދިނީ ހުޝިޔާރުވެ ހުރި ޒަބާއެވެ. ރީޝަމް ގެއަށް އައިސް އުޅެނީ ކީއްވެކަން ޒަބާ، ރަސަލްއަށް ސިއްރުކުރިއެވެ. އެހެންވެ ރަސަލްގެ ފަރާތުން އިތުރު ސުވާލުތަކަކާ ރީޝަމް ކުރިމަތިލާކަށް ނުޖެހުނެވެ. ދެމައިން އެކުގައި ވާހަކައިގައި ތިއްބައި ރަސަލް ގޮސް ލޯމަތިން ގެއްލިއްޖެއެވެ.

އިރުއޮއްސި އަނދިރިކަން ވެރިވަމުން އައިއިރު ޝަދަފު ވެސް ރީޝަމްވީތަނަކާމެދު ހިތުގައި ސުވާލު އުފެދިފައި ވެއެވެ. އަސްމަހާނު ކިޔާވަރުން އޭނާ ރީޝަމްއަށް ގުޅިއެވެ. ނަމަވެސް ރީޝަމް ފޯނެއް ނުނަގައެވެ. ބެލްކަނީގައި މަޑުކޮށްލައިގެން ހުރިއިރު އަތުގައި އޮތް ފޯނުން އަނެއްއަތުގައި މަޑުމަޑުން ޖަހާލަ ޖަހާލާ ޝަދަފު ހުއްޓެވެ. އޭނާއަށް ރީޝަމްއާމެދު ކަންތައްކުރެވުނު ގޮތާދޭތެރޭ ވިސްނާލެވުނީ ދެނެވެ.

“ރީޝް… ވެއަރ އާރ ޔޫ” ވަށައިގެން ނަޒަރު ހިންގާލި ޝަދަފު މަޑު މަޑުން ބުނެލިއެވެ. އަދި އަނެއްކާ ވެސް ރީޝަމްއާ ގުޅޭތޯ ބެލިއެވެ.

ރޭގަނޑުގެ ކެއުމުގައި އަސްމަހާނާ، ޝަދަފު ބައިވެރިވިއިރު ވެސް ރީޝަމްގެ ޚަބަރެއް ނުވެއެވެ. އޭނާ ދިޔައީ ކޮންތާކަށްކަމެއް ޝަދަފަށް ވެސް ނޭނގެއެވެ. އެހެންވެ އަސްމަހާނުގެ ސުވާލުތަކަށް ދޭނޭ ޖަވާބެއް ޚުދު ޝަދަފަށް ވެސް ނޭނގުނެވެ. ކަންތައްބޮޑުވި އަސްމަހާނު ކެއުމުގެ ބަދަލުގައި ކާމޭޒުކައިރިން ދުރަށް ދިޔައެވެ. އަދި ވަގުތުން ޒަބާއަށް ގުޅީ ޝަދަފުގެ ކުރިމަތީގައެވެ. އޭނާގެ އެޢަމަލުން ޝަދަފުދެކެ ހިތްހަމަނުޖެހިފައި ހުރިވަރު ޝަދަފަށް ނަގައިގަނެވުނެވެ.

“ޒަބާ، ތިގޭގައި ރީޝް އެބަހުރިތަ؟” އަސްމަހާނު އަހާލިއެވެ.

“އާނ! އެބައުޅޭ… އަނެއްކާ ކިހިނެއްވީ” ފޯނުން ވާހަކަދެއްކި ޒަބާ ނޭނގޭކަމަށް ހެދިއެވެ.

“ނަސީބެންނު، ރީޝް ދިޔަތަނެއް ނޭނގިގެން ޝަދަފާ މިސުވާލު ކުރަނީ، އޭނާ ނިދާފަ އޮއްވަޔޯ ރީޝް ދިޔައީ، އެވާނީ ޝަދަފަށް އުނދަގޫވެދާނޭތީ ނުގޮވާ ދިޔައީ ކަމަށް، ޒަބާ، ރީޝްއަކީ މިހާރު އަހަރެންގެ ވެސް ދަރިއެންނު، އެކުއްޖާ ބަލާ ޝަދަފު އެބަފޮނުވަން، ރީޝްއަށް ވެސް ވަރަށް ގުޅައިފިން، ހީވަނީ އެކުއްޖާގެ ފޯނަށް ކަމެއްވެއްޖެހެން، ފޯނުނަގާނީ އެހެންވީމާތާ ދޯ” އަސްމަހާނު ވާހަކަދެއްކީ ކަމެއް ގޯސްވެއްޖެކަން ޒަބާއަށް އަންގަން ބޭނުންނުވާފަދަ ގޮތަކަށެވެ. ދެއެކުވެރިންނެއްކަމަކު މިއަދު ދެމީހުން ވެސް ވާހަކަދައްކަމުން ދިޔައީ މަތިއޮމާންކުރާފަދަ ގޮތަކަށެވެ. އެކަކު އަނެކަކަށް ކަމެއް ސިއްރުކުރާފަދަ ގޮތަކަށެވެ.

“ރީޝަމް އިނީ އޭނާގެ ގޭގައި، ދޭ އޭނާ ގޮވައިގެން އަންނަން” އަސްމަހާނުގެ ފޯނުކޮލު ނިމުމާއެކު އޭނާ އެނބުރުނީ ކާމޭޒުދޮށުގައި ކާން އިން ޝަދަފާ ދިމާލަށެވެ. ނަމަވެސް ޝަދަފު އިންތަނުން ތެދުވަންއުޅޭކަމުގެ އިޝާރާތެއްކޮށްނުލުމުން އަސްމަހާނުގެ ދެބުމަގޮށްޖަހާލެވުނެވެ. ހަލުވިކޮށް އައިސް ޝަދަފުގެ ކުރިމަތީހުރި ގޮނޑީގައި ދެއަތުން ހިފަހައްޓާލަމުން އަނެއްކާވެސް ވާހަކަދެއްކީ އަމުރުވެރި ގޮތަކަށެވެ.

“މަންމަ މިބުނާއެއްޗެއް އަޑެއްނީވޭތަ؟، ހަމަމިހާރު ދޭ އެގެއަށް، ގޮސް ރީޝަމް ގޮވައިގެން އާދޭ، ކިހިނެއްތަ ޝަދަފު އުޅޭން ތިވިސްނަނީ، ލަދުން މަރުވާވަރުވޭ، އެގޮތަށް ރީޝަމް އެގެއަށް ދިޔައީމަ ޒަބާމެން ހީކުރާނީ ކީކޭ، މަންމައަށް އެނގޭ ތިދެކުދިންގެ ދޭތެރޭ ކޮންމެވެސް ކަމެއް ހިނގައިގެންކަން ތިއުޅެނީ…” އަސްމަހާނުގެ ވާހަކަ ނުނިމެނީސް ޝަދަފު ވާހަކަދެއްކިއެވެ.

“މަންމާ، އަޅުގަނޑު ނުދާކަށް ނޫޅެމޭ، ކައިނިމިގެން އެގެއަށް ދާނަމޭ” ޝަދަފު މަޑުމައިތިރިކަމާއެކު ބުނެލިއެވެ.

“ކާނެކަމެއްނެތް، ރީޝަމް ގޮވައިގެން އަންނައިރު ވެސް ތިކާންއިންތަށި ހުންނާނީ ހަމަތިތަނުގައި، މިވަގުތު މުހިއްމީ ރީޝަމް، އެކުއްޖާ ގޮވައިގެން މިގެއަށް އައިސް، ތިދެކުދިންގެ މެދުގައި ވެގެންއުޅޭކަމެއް ހައްލުކޮށްގެން ނޫނީ ކޮޓަރިން ނުނިކުންނާތި، ކާންވެސް އަންނާނީ އޭގެ ފަހުގަ” އަސްމަހާނު ހަރުކަށިކޮށް ބުނެލިއިރު ހީވީ އޭނާގެ ކުރިމަތީގައި އިން ޝަދަފަކީ ކުޑަކުޑަކުއްޖެއް ހެންނެވެ. އޭނާ އިތުރަށް އެއްޗެއް ނުބުނެ މަޑުމަޑުން ތެދުވެގެން ހިނގައިގަތީ އަސްމަހާނު ބުނިގޮތަށް ކަންތައްކުރާށެވެ.

“އަހާނ! ޑިފީ، ދަރިފުޅުތަ، އާދޭ އެތެރެއަށް، ކާންވީނު” ގޭގައި ގެންގުޅޭ ބިދޭސީ މީހަކާއެކު އައިސް ކާކޮޓަރި ދޮރުމަތީ މަޑުކޮށްލި ޝަދަފު ފެނުމުން ރަސަލްގެ މޫނު އުޖާލާވެގެންދިޔައެވެ. ތަރަފްއަށްވުރެ ވެސް އޭނާއާ ހެދި ރަސަލް ވަރުހުރެއެވެ. ޝަދަފަކީ، ރަސަލް ބޭނުންވެ އެކަމަކު އޭނާއަށް ނުލިބުނު ފިރިހެން ދަރިފުޅު ފަދައެވެ. އެހާ ވެސް ލޯބިވެއެވެ. ކުޑަކޮށް އިސްޖަހާލައިގެން ހުރި ޝަދަފަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. މަޑުމަޑުން އައިސް ކާމޭޒު ދޮށުގައި އިށީނެވެ. އޭރު އެތަނުގައި ރީޝަމް ވެސް އިނެވެ. އޭނާ ޝަދަފާ ދިމާއަށް ބަލާވެސް ނުލިއެވެ. ކައިނިމިގެން ރަސަލްއާއެކު ބޮޑުކޮޓަރީގައި އިނުމަށްފަހު ޝަދަފު އެދުނީ ރީޝަމްގެ ކޮޓަރިއަށް އޭނަ ދިއުމުގެ ހުއްދައެވެ. ހިނިއައިސްފައި އިން ޒަބާ އަވަސް އަވަހަށް ރަސަލްއަށް އެންގީ ޝަދަފު ދިއުމުގެ ހުއްދަ ދިނުމަށެވެ.

“ރީޝް… އިޓްސް މީ…” ޝަދަފު އައިސް ރީޝަމްގެ ކޮޓަރީގައި ޓަކި ޖަހާލަމުން ހުޅުވާލިއެވެ. އޭރު ކޮޓަރީގައި ހުރި ކުޑަދޮރުކައިރީ ރީޝަމް މަޑުކޮށްލައިގެން ހުއްޓެވެ. އޭނާ ޝަދަފަށް އެއްވެސް ޖަވާބެއް ނުދިނެވެ.

“ރީޝް، އައި އޭމް ސޮރީ، ހިނގާ ގެއަށް، ކީއްވެތަ ނުބުނެ އައީ، އެނގެއެންނު މަންމަގެ ގޮތް، ގެވައްޓާލަފާނެހެން ހީވަނީ ރީޝް ނެތިގެން” ޝަދަފު ވާހަކަދެއްކީ ވަރަށް ހަމަޖެހިފައި ހުރެގެންނެވެ.

“މަންމައަށް އެކަނިތަ އަހަރެން އެނބުރިދިއުން މުހިއްމީ، މަންމަ ގާތު ކިހިނެއް ބުނާނީ އަހަރެން މަސައްކަތް މިކުރަނީ ދުރުގައި އުޅެންކަމެއް” ޝަދަފަށް ފުރަގަސްދީގެން ހުރި ރީޝަމް އެބުނިއެއްޗެއް ވަރަށް ރަނގަޅަށް ޝަދަފަށް ދޭހަވިއެވެ. ޝަދަފު އެއްޗެއް ނުބުނެ ހުންނަން ފެށުމުން ރީޝަމް ރޯންފެށީ ގަސްދުގައެވެ. ޝަދަފަކީ އަންހެން ކުއްޖަކު ރޯތަން ދެކެން ހުންނާނޭ މީހެއްނޫންކަން އެނގޭތީއެވެ. މަޑުމަޑުން ދެލޯ ފޮހެން ފެށި ރީޝަމްގެ ހަރަކާތްތައް ފެނި ޝަދަފު ފުންނޭވާއެއް ބޭރުކޮށްލިއެވެ. އަދި މަޑުމަޑުން އައިސް ރީޝަމްގެ ފަހަތުން އޭނާގެ ގައިގާ ބައްދާލިއެވެ. ރީޝަމްގެ އިސްތަށިގަނޑުގައި ބޮސްދެމުން ޝަދަފު ވާހަކަދެއްކިއެވެ.

“ޕްލީޒް ރީޝް، ނުރޮއެ، މިހާރު މާފަށް ވެސް އެދެފީމެންނު، މަންމަ ބުންޏަސް އަހަރެން ވެސް ރީޝް ބޭނުންވީމަތާ ބަލާ މިއައީ، އެހެންނޫންނަމަ ރީޝް އަންނާނެހާ އިރެއްވާންދޭން ގޭގައި ހުންނަންވީނު، ސޯ ޕްލީޒް، ސްޓޮޕް ކްރައިންގ، އަސްލު… އަސްލު… އެގަޑީގައި އަހަންނަކަށް ވެސް ނޭނގެ ވީގޮތެއް، މާބޮޑަށް ނިދިގަދަވެފައި އޮތީމާ ވީގޮތެއް ކަންނޭނގެ، އެހެންވެ ރުޅިގަދަވީ، ރީޝް ދެރަކުރާކަށް ނޫން، ދެން ހިނގާ ގެއަށް ދަމާ” ޝަދަފު ލޯބިން ފުރިގެންވި ފަދަ ގޮތަކަށް ވާހަކަދެއްކިއެވެ. ދުލުން ބޭރުކަރަމުންދިޔަ ބަސްތަކުގައި ތެދުވެރިކަމެއް ނެތްކަން އަމިއްލަ ހިތް ބުނާއިރު ވެސް އެއަޑުއަހާކަށް ޝަދަފު ބޭނުމެއްނޫނެވެ. މިވަގުތު ރީޝަމްގެ ހިތްހަމަޖައްސައިދިނުން އޭނާގެ އަމިއްލަ ހިތްހަމަޖެހުމަށްވުރެ މާމުހިއްމެވެ. ދެޢާއިލާގެ އުފާވެރިކަން ގުޅިފައިވަނީ އެދެމަފިރިންނާކަން އެނގޭތީއާ ވެސް އެކުއެވެ. ޝަދަފްއާ ދިމާލަށް އެނބުރިލި ރީޝަމް ރޮމުން އޭނާގެ މޫނު ޝަދަފުގެ ތަނަވަސްމޭގައި ފޮރުވާލިއެވެ.

“ބުނެބަލަ އަހަރެންދެކެ ލޯބިވެޔޭ… އެންމެ ފަހަރަކު ވިޔަސް” ރީޝަމް ރޮމުން ބުނެލިއެވެ.

“ހޫމް! ލޯބިވެޔޭ…” ޝަދަފުގެ ލޮލަށް ހަދާލިގޮތުންނާ ދެފަރާތަށް ބޯހޫރާލިގޮތުން އޭނާ އެހެންބުނީ މިވަގުތު ރީޝަމް އަޑުއަހަން ބޭނުންވީމަކަން އެނގުނެވެ. ފަހަރެއްގައި ވެސް އޭނާގެ ހިތުގައި ރީޝަމްގެ މައްޗަށް ލޯތްބޭކިޔާ އިހުސާސެއް އުފެދިގެންނެއްނޫނެވެ.

“ދެން ނުރޮއެބަލަ، އަހަރެން ބޭނުމެއްނޫން ތިގޮތަށް ރީޝް ހުއްޓާ މަންމަމެންނަށް ފެންނާކަށް، ރީޝް ހުއްޓާނުލަންޏާ އަހަރެން ގެއަށްދަނީ، ވީގޮތް ބުނީމަވެސް ރީޝް އަހަންނަށް މާފުނުކުރަން ތިހުންނަނީ، އެހެންވީމަ އަހަރެން މިތާ ހުރުމުގެ ބޭނުމެއްނެތެންނު” ޝަދަފު މިހެން ބުނެ ރީޝަމްގެ ކޮނޑުގައި ހިފާ ގަޔާ ދުރުކޮށްލިއެވެ.

“ނޫން! ނޫން! އަހަރެން ނުލާ ނުދާތި، ދެން ނުރޯނަމޭ” ދެލޯ ފޮހެލަމުން ޝަދަފަށް ބަލާލި ރީޝަމް އަވަސް އަވަހަށް ބުނެލިއެވެ.

ރީޝަމްގެ އެނދުގައި އިށީނދެލައިގެން ޝަދަފު އިންއިރު، ރީޝަމް އެނބުރި އޭނާއާއެކު ގެއަށް ދިއުމަށް ތައްޔާރުވަމުންދިޔައެވެ. އަނގައިން ނުބުނެ ޝަދަފު އިނެއްކަމަކު ރީޝަމް ދައްކަމުންދިޔަ ވާހަކައަށް “އާން، ހޫން” ލައްވަމުންދިޔައެވެ. ދޭތެރެއަކުން އިސްތަށިގަނޑުގައި އަތްފުނާއަޅާލަނީ ސިކުނޑީގައި އުފެދެމުން އަންނަ ގޮތްނޭނގޭ ހައިޖާނުން، އަމިއްލަ ޟަމީރަށް ކުރެވެމުންދިޔަ އުނދަގޫ އިޙްސާސްތަށް ހަމައަކަށް އެޅުވުމުގެ އިޝާރާތެއްގެ ގޮތުން ކަހަލައެވެ. ޝަދަފަށް މިއަންނަނީ ކޮންކަހަލަ ބަދަލެއްކަމާމެދު ޚުދު އޭނާއަށް ދެނެގަންނަން މިވަގުތު ދައްޗެވެ. ޔަޤީންވާ އޮތީ އެންމެ ކަމެކެވެ. ހިތާ ސިކުނޑީގައި ވަނީ އެންމެ ސޫރައެކެވެ. ކައިވެނިކުރެވުނެއްކަމަކު އަނބިމީހާދެކެ ޝަދަފަށް ލޯތްބެއް ނުވެވުނުކަމެވެ. ލޯބިވާން މަސައްކަތް ކުރިނަމަވެސް ސިކުނޑީގައިވަނީ އެކާކުކަން ނޭނގޭ އަންހެންކުއްޖާގެ ސޫރައެވެ. އެއީ ކާކުތޯ ހޯދަން މަސައްކަތްކުރުމަށް އަމިއްލަ ޟަމީރު ވެސް ގޮވާލާކަހަލައެވެ. ހިތާ ސިކުނޑި ފުރަތަމަ ފަހަރަށް އެއްބަސްކިޔާ އެއްލަނޑުދަނޑިއެއް ހާޟިލުކުރުމަށް އަތްކުރިއޮޅާލާފައިވާކަހަލައެވެ. ވީއިރު އެކަމަށް އޭނާއަށް ފިކުރު ނުހިންގާ ހުރެވޭނީ ކިހިނެއްހެއްޔެވެ. ފުރަތަމަ ފަހަރަށް ހަޔާތުގެ ޞަފުހާތަކުން ބައެއް މަދުވާކަމުގެ އިޙުސާސް ޝަދަފަށް ކުރެވިއްޖެކަން ގައިމެވެ. ނަމަވެސް އޭނާ އެކަން އެކަކަށްވެސް ހާމަކުރާކަށް ބޭނުމެއްނޫނެވެ. އިހުސާސްކުރެވޭ ހުސްކަމުގެ ހަޤީޤަތް ހޯދާނީ ޚުދު އޭނަ އަމިއްލައަށްކަން ހިތުގައި އަޒުމްކަނޑައެޅިއެވެ. ފަހަރެއްގައި އޭނާ ހީކުރާފަދަ ގޮތަކަށް ކަންކަން ނުވެދާނެއެވެ. ބޭކާރުކަމެއް ކުރެވުނަސް ކުރެވެމުންއަންނަ ހީތަކަށް ނިމުމެއް ހޯދަން ޝަދަފު ބޭނުންވަނީއެވެ. ރީޝަމް އާއި ޝަދަފުގެ ޢާއިލާއަށް، އޭނާއަށް މިކުރެވޭ އިހުސާސްތަކުގެ ޚަބަރު އެނގިއްޖެނަމަ ވާނޭގޮތް ވަރަށް ރަނގަޅަށް ޝަދަފަށް އެނގެއެވެ. އެހެންވެ އެމީހުންގާތު ރަނގަޅުވާނީވެސް އެއްވެސް ވާހަކައެއް ނުބުނިއްޔާކަމުގައި ޝަދަފު ނިންމިއެވެ.

“ހިނގާދާން…” ރީޝަމް އައިސް ޝަދަފުގެ ކުރިމަތީ ހުއްޓިލަމުން ބުންޏެވެ. މަޑުމަޑު ފިޔާތޮށިކުލައެއް ޖައްސާލާފައި ހުރި ތުންފަތަށް ހިނިތުންވުމެއް ވެރިވެފައި ހުރިއިރު ރީޝަމްގެ ދެލޮލުން އޭނާ ރޮއެފައިހުރިކަމުގެ އަސަރެއް އެއްގޮތަކަށް ވެސް ފާޅެއްނުވެއެވެ. އެލޮލަށް ބަލާލި ޝަދަފުގެ ހިތްހަމަޖެހުނެވެ. ރީޝަމް އޭނާގެ އަތުގައި ހިފާލައިގެން ހުރިއިރު އެކަމަށް ސަމާލުކަމެއް ދިނުމުގެ ބަދަލުގައި ޝަދަފު ބެލީ ރީޝަމް ގޮވައިގެން އަވަހަށް ގެއަށް ދެވޭތޯއެވެ.

“ދެކުދިން ދަނީތަ، ހާދަ އަވަހަކަށް، އަދި މަޑުކޮށްލަންވީނު” ބޮޑުކޮޓަރީގައި ޓީވީ ބަލަން އިން ރަސަލްއަށް އެގެއިން ނުކުންނަން އައި ޝަދަފާއި ރީޝަމް ފެނިފައި ބުނެލިއެވެ.

“ސޮރީ ޑޭޑް، ޑިފީ އެއުޅެނީ ކުޑަކަމެއްގައި ބިޒީކޮށް، އެއައީ އަޅުގަނޑު ބަލާ، އެހެންފަހަރަކުން އަދި އަންނާނަން، ގުޑްނައިޓް” ހިނިތުންވެލައިގެން ހުރެ ރީޝަމް ޖަވާބުދިނެވެ. އެމަންޒަރު ފެނި ޒަބާ ވަކިން ބޮޑަށް ހިނިތުންވެލިއެވެ. އަދި އައިސް ރަސަލްގެ ކޮނޑުގައި ފިރުމާލީ މިވަގުތު އެދެކުދިން ހުއްޓުވަން ނޫޅޭށޭ ބުނެލާފަދަ ގޮތަކަށެވެ.

“ރީޝް، މަންމައަށް ނޭނގި ތިގޮތަށް ގެއިން ނުކުމެގެން ދާކަށްނުވާނެއެންނު، ހާސްވެގެންގޮސް މިހިތް ނުހުއްޓުނީ ކިރިޔާ، ދެން އެހެންނަހައްދައްޗޭ، ދަރިފުޅަށް އެނގޭނެ ކޮންމެ ކަމެއްވިޔަސް މަންމަ ދަރިފުޅުގެ ވާހަކަ އަޑުއަހާނެކަން، އާދެބަލަ، ކައިގެންތަ ތިއައީ…. ރީޝް ނެތީމަ ހީވީ ކުއްލިއަކަށް މިގޭތެރެ ވަރަށް ފަޅުވިހެން” ގެއަށް ވަދެގެން އައި ރީޝަމްފެނި ހަލުވިކޮށް އޭނާގެ ގާތަށް އައި އަސްމަހާނު ވާހަކަދައްކަންފެށީ ކަންބޮޑުވެފައި ހުރެއެވެ. އެތަނުގައި އެންމެ ހިނދުކޮޅަކަށް ވެސް މަޑުކޮށްލުމެއްނެތި ޝަދަފު ދިޔައީ އޭނާގެ ކޮޓަރިއަށެވެ.

“އައި އެމް ރިއަލީ ސޮރީ މަންމާ” ޅަކުއްޖަކު ފަދައިން ރީޝަމް، އަސްމަހާނުގެ ގައިގާ ބައްދާލިއެވެ.

“ރީޝް، ޝަދަފާއެކު އުޅެވޭނީ ވަރަށް ކެތްތެރިވެގެން، އޭނާގެ އެހުންނަ ގޮތްދޫނުކުރުމަކީ މިހާރު ހުންނަންފެށި ސިފައެއްނޫން، އެއީ ކުރިންވެސް އެކުއްޖާ އުޅޭގޮތް، އެކަން ރީޝްއަށް ވެސް އޮޅިފައެއް ނޯންނާނެ، އެހެންވީމަ ޝަދަފު ގެންގުޅެން ޖެހޭނީ ނިކަން ހައްލާލައިގެން، އޭނާ ބޭނުންވާ ކަންތައްތައް ނުކުރެވޭނެކަން އެއްގޮތަކަށް ވެސް އަންގައިގެން ނުވާނެ، ބަލަންވާނީ ސީދާ ސީދާ ކަމެއް މަނާނުކޮށް ކޮންމެވެސް އެހެންގޮތަކުން އެކަމެއް ހުއްޓުވޭތޯ” އަސްމަހާނު، ރީޝަމްގެ ބުރަކަށީގައި ފިރުމާލަމުން އޭނާ ގޮވައިގެން އައިސް ސޯފާގައި އިށީނެވެ.

“ޒައުލް، އަހަރެން ދަންތަ ތިގެއަށް” އެނދުގައި އޮތް ޝަދަފު، ޒައުލްއާ ފޯނުން ވާހަކަދެއްކިއެވެ.

“ބަޑީ، އަވަހަށް އާދޭ، އުފާވެރި ޚަބަރެއް އެބައޮތް… އުފަލުން ގޮސް ހުރެވުނު ތަންވެސް ހަނދާންނެތޭ ވަރުގެ ޚަބަރެއް، އަހަރެން ގުޅަން އުޅެނިކޮށް ޑިފީ ތިގުޅީ” އާދަޔާ ހިލާފު އުފާވެރިކަމަކާ ޖޯޝު ޒައުލްގެ އަޑުގައި އެކުލެވިފައި ވިއެވެ. އޭނާ މާގިނަ ވާހަކަދައްކާކަށް ބޭނުމެއްނުވިއެވެ. ބޭނުންވީ އަވަހަށް ޝަދަފު އޭނާގެ ގާތަށް ގެންނާށެވެ.

“ކޮންތާކަށް” ކޮޓަރިއަށް އައިސް ވަން ރީޝަމްއަށް ޝަދަފު ބޭރަށް ދާން އުޅޭތަން ފެނުމުން އަހާލިއެވެ.

“ޒައުލް ވަރަށް މުހިއްމު ކަމަކު އައިސްދިނުމަށް އެދުނީމަ މިދަނީ” ޝަދަފު ބުނެލިއެވެ.

“މިރޭ އެހާ ލަސްނުކުރައްޗޭ، ތަންކޮޅެއް އަވަހަށް އަންނާނަން ދޯ” ރީޝަމް ހިތްހަމަނުޖެހުނެއްކަމަކު އެކަން އޭނާގެ މޫނުމަތިންނާ އަޑަކުން ފާޅެއްނުކުރިއެވެ. ޝަދަފު ބޯޖަހާލާފައި އެކޮޓަރިން ނުކުމެގެން ދިޔައެވެ.

އެމީލީހިޔާގެ ބޮޑުކޮޓަރިއަށް ޝަދަފު ވަނުމާއެކު އެންމެންގެ މޫނުމަތިން ފެންނަމުންދިޔަ އުފާވެރިކަން އޭނާ ހައިރާންކުރުވިއެވެ. ކޮންމެވެސް ބޮޑުކަމެއް ވެގެން އުޅޭކަން އޭނާއަށް ނަގައިގަނެވުނެވެ. ރަނގަޅަށް ވިސްނައިނުގަނެވެނީސް މަންސޫރު އައިސް ޝަދަފުގެ ބުރަކަށީގައި ކުޑަކޮށް ޖަހާލާފައި މައްޗަށް ދިއުމަށް ބުންޏެވެ. ދުރުދުރުގައި ފައިއަޅާލާފައި ޝަދަފު އަވަސްވެގަތީ ޒައުލް ހޯދުމަށެވެ. އޭނާގެ ކޮޓަރިއާ ހަމައަށް ނުދެވެނީސް ބިލިއާޑް ރޫމް ތެރޭން ޒުވާނުންތަކެއްގެ އަޑު ޝަދަފަށް އިވުނެވެ. އެތަނުން އެކަކުގެ އަޑަކީ ޒައުލްގެ އަޑުކަން ވަގުތުން ޝަދަފަށް ނަގައިގަނެވުނެވެ.

“ޑިފީ…” ޝަދަފު ފެނުމާއެކު ޒައުލް އައިގޮތަށް އައިސް އޭނާގެ ގައިގާ ހިފައިގަތެވެ.

“ވަޓްސް ދަ އޮކޭޝަން، އަނެއްކާ އަހަރެން ހަނދާންނެތްކަމަކީތަ” ޝަދަފު ހައިރާންވެފައި އަހާލިއެވެ.

“ހެ ހެ ހެ… ނޫނޭ، އެނގޭތަ، އަހަރެން ދެވަނަ ފަހަރަށް ބައްޕައަކަށްވަނީ، ޔޫހާ، ޝީޒް ޕްރެގްނެންޓް” ޒައުލް ހެވިލާފައި ހުރިއިރު އޭނާގެ އަނގައިގައި ނުފެންނަ ދަތެއް ނެތެވެ. ދެތިން ފަހަރަށް ޝަދަފުގެ ގައިގާ ވެސް އޮޅުލައިގަތެވެ.

“މަރުޙަބާ، ކޮބާ ޔޫހާ، ރަނގަޅުތަ” ޝަދަފު އޭނާގެ އެކުވެރިޔާގެ އުފަލުގައި ބައިވެރިވަމުން އަހާލިއެވެ.

“ކުޑަކޮށް ވަރުބަލިކޮށް އުޅެނީ، އައްޔަދުއާއެކުވީ މަންމަމެންގޭގައި، ކިޔާން ވެސް ވީ އެގޭގައި، ވީ އަރ ޖަސް ސެލެބްރޭޓިންގ” ޒައުލް އެތަނުގައި ދެންތިބި މީހުންނަށް އިޝާރާތްކޮށްލަމުން ބުންޏެވެ. އެތަނުގައި ތިބީ އެޢާއިލާގެ މީހުންނެވެ. ޝަދަފު ހިނިތުންވެލިއެއްކަމަކު އެވަގުތު އޭނާ ހުރީ އުފާފާޅުކުރަން ބޭނުންވެފައެއް ނޫނެވެ. ނަމަވެސް މާޙައުލު ބަދަލުކޮށްލަން ބޭނުންވެފައެވެ. އެކަން ޒައުލްއަށް ފާހަގަ ކުރެވުނީ ޝަދަފުގެ ހިމޭންކަމުންނެވެ. ބިލިއާޑް މޭޒާ ކައިރިނުވިތަނުގައި ޝަދަފު ހިޔާރުކުރީ އެއްފަރާތުގައި ހުރި އެކަހެރި ގޮނޑިއެކެވެ.

“ދެން ތިހެން ނީނދެ ބުނެބަލަ” ޒައުލް އައިސް ގޮނޑިއެއް ދަމާލާފައި ޝަދަފާ ކުރިމަތިވާގޮތަށް އިށީންނަމުން ބުނެލިއެވެ.

“ކީކޭތަ ބުނަންވީ” ޝަދަފު ހައިރާންވިކަމަށް ހަދާލަމުން ބުންޏެވެ.

“ކަމޯން، އަހަންނަށް އެނގޭ ޑިފީ ވާހަކައެއް ދައްކަން ބޭނުންވެފައިކަން ތިއިންނަނީ، ނޫނީ ކޮންމެވެސް ކަމެއްވެގެން މިގަޑީގައި ގުޅާފަ މިގެއަށް އަންނަން އެހީ” ޒައުލް އެއްބުމަ ހިއްލާލަމުން ލޯހިމަކޮށްލާފައި ޝަދަފަށް ބަލާލީ އޭނާ ފޮރުވަނީ ކޮންކަމެއްކަން އެމޫނުމަތިން ދެނެގަންނަން ބޭނުންވެފައި އިންފަދަ ގޮތަކަށެވެ.

“މިއަދު މާގިނައިރު ނިދުނީ، ހަތަރުދަމު ގޭގަ އޮންނަންވީމަ ފޫހިވެސް ވާނެއެންނު، އެހެންވެ ގުޅީ، މާބޮޑުކަމެއް ވެގެންނެއް ނޫން” ޝަދަފު މާނައެއްނެތް ހިނިތުންވެއް ޒައުލްއާ ބަދަލުކޮށްލިއެވެ. އޭނާ މިފަހަރު ޒައުލްއަށް ވެސް އޮޅުވާލީއެވެ.

މާގިނައިރަކު ޒައުލްމެންގޭގައި ޝަދަފު ނީނެވެ. އޭނާ ކާރުގައި މާލޭގެ އެކިމަގުތަކުގައި ދުއްވަމުންދިޔައެވެ. ދުއްވަން ހުއްދަދީފައި އޮންނަ ދުވެއްޔަށްވުރެ އެތަށްގުނައެއް މަޑުންނެވެ. ބޭގަރާރުވެފައިވާ އޭނާގެ ދެލޯ މަގުތަކުގައި ހޭލަމޭލަވެ އުޅޭ މީހުންނަށް ހުއްޓެމުންދިޔައެވެ. ހީވަނީ އެމީހުންގެ ތެރެއިން އޭނާ ވަކި ޚާއްޞަ މީހަކު ހޯދާހެންނެވެ. ގަޑިއިރަކަށްވުރެވެސް ގިނައިރު އޭނާ އެގޮތަށް މާލޭގެ މަގުތަކުން ދުއްވަމުންދިޔައެވެ. އެންމެފަހުން މީހުން މަދު ގޯޅިއެއްގައި ކާރު މަޑުކޮށްލެވުނީ ކީއްވެކަމެއް ޝަދަފަކަށް ނޭނގެއެވެ. އޭނާ އެތެރެއަށް ލީ ނޭވާ ހިފަހައްޓާލަމުން ދެލޯ މަރާލިއެވެ. ފުންނޭވާއެއް ދޫކޮށްލީ އިތުރަށް ނޭވާ ހިފަހައްޓާލައިގެން އިނުން ދަތިވީމައެވެ. އެއާއެކު މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. ޝަދަފުގެ ދެލޯވަނީ ފެންކަޅިވެފައެވެ. މޫނުމަތިން ހީވަނީ ފިކުރުކޮށްކޮށް ވަރުބަލިވެ ގޮތްހުސްވެފައިވާ މީހަކު ހެންނެވެ.

“ކާކުތަ ތީ؟ ކޮންތާކުތަ އުޅެނީ، އެންމެ ފަހަރަކު ވިޔަސް އަހަންނަށް ފެނިލަބަލަ” ޝަދަފުގެ ހިތް ބާރަށް ބުނަމުންދިޔައެވެ. މާޔޫސްވެފައި އޭނާ ކާރުގެ ގޮނޑިއަށް ހަށިގަނޑު ދޫކޮށްލައިގެން އިންދާ ކުއްލިއަކަށް ފޯނުން އަޑެއްއިވުމާއެކު އެކަމަށް ސަމާލުވެވުނެވެ. ޝަދަފުގެ ފޯނަށް މެސެޖެއް އައީއެވެ. އަވަސް އަވަހަށް ދެލޯ ފޮހެލުމަށްފަހު މެސެޖު ބަލާލިއެވެ. އެއީ ރީޝަމްގެ މެސެޖެކެވެ.

“ޑިފީ، އަހަރެން މި ނިދަނީ، އެހާ ލަސްނުވެ ގެއަށް އަންނައްޗޭ، އައި ލަވް ޔޫ” ރީޝަމް މެސެޖުގައި ލިޔެފައި އޮތީ އެހެންނެވެ. ޝަދަފު އެއްވެސް ޖަވާބެއް ނުދިނެވެ. ފޯނުގެ ސްކްރީން ނިއްވާލާފައި ޖެހިގެން ހުރި ސީޓުގެ މައްޗަށް އެއްލިއެވެ.

ޝަދަފު ގެއަށް އައިސްވަނީ ވަގަކު ވަންނަ އުސޫލުންނެވެ. އެއްވެސް މީހަކާ ކުރިމަތިލާން އޭނާ ބޭނުންނުވެފައި ހުރެއެވެ. ކޮޓަރިއަށް ވަދެވުމާއެކު ނިދިފައި އޮތް ރީޝަމް ފެނި ހަމަޖެހުމުގެ ނޭވާއެއް ޝަދަފު ލިއެވެ. ނިދަން އޮށޯތެއްކަމަކު އެއީ ފަސޭހަކަމަކަށް ނުވިއެވެ. ދެއަތަށް ފުރޮޅެނިކޮށް ދެލޯ މެރުނީ ކޮންއިރަކު ކަމެއް ނޭނގެއެވެ.

މަހެއްހާ ދުވަސް މިފަދަ ހާލެއްގައި ވޭތިވެގެންދިޔައިރު ޝަދަފުގެ ޠަބީޢަތް ބަދަލުވެއްޖެއެވެ. ބަސްމަދުވެފައި އަމިއްލަ ޚިޔާލުތަކަށް ގެއްލިފައި ހުންނަ ވަގުތު ގިނަވިއެވެ. މީހަކާ އިނދެން އުޅޭތީ މަޖުބޫރުވެފައި ހުރި ހާލުގައި އޭނާ ފިރިއެއްގެ ވާޖިބުތައް އަދާކުރަމުން ދިޔައެވެ. ހަށިގަނޑަށް ލިބޭ އުފާތަކަކީ އޭނާގެ ނަފްސަށް ލިބޭ އުފާތަކަކަށް ނުވެއެވެ. ބައެއްފަހަރު އޭނާއަކީ އެހެންމީހުން ބޭނުންގޮތަކަށް ކުޅެން ގެންގުޅޭ ބުދަކަށްވެއްޖެ ކަހަލައެވެ. އެހެންނަމަވެސް އެކަނި މާލޭގެ މަގުތަކުގައި ބުރުޖެހުމަކީ މިހާރު އޭނާގެ އާދައެކެވެ. ޝަދަފާ އޭނާގެ ރަޙުމަތްތެރިންނާ އޮންނަ ގުޅުމަށްވުރެ އޭނާގެ ކާރާ އޮންނަ ގާތްކަން ބޮޑެވެ. އެގޮތުން ހެނދުނު ލޮނުޒިޔާރަތްކޮޅުގައި އިނދެފައި އައިސް ކާރަށް އެރި ޝަދަފުގެ ސިކުނޑީގައި ވަކި މަންޒަލެއް ނެތެވެ. ގެއަށް ދިއުމުގެ ކުރިން ކުޑަކޮށް ދުއްވާލާފައި ދާން އޭނާ ނިންމިއެވެ.

މަގު ހުރަސްކޮށްލި އަންހެން ކުއްޖާ ފެނި ކުއްލިއަކަށް ޝަދަފަށް ކާރުގެ ބުރެކި ޖައްސާލެވުނެވެ. އެހިނދު ސިކުނޑީގައި އެމަންޒަރު ސިފަވެގެންދިޔައެވެ.

“ތިމީހާއަށް މިތަނުން އެއްވެސް އެއްޗެއް ނުވިއްކާނަން” ރުޅި މޫނުހަދާލައިގެން ހުރެ އެއަންހެން ކުއްޖާ އެދުވަހު ބުންޏެވެ.

ޝަދަފުގެ ހަނދާނުން ފޮހެނުލެވުނު އަންހެން ކުއްޖާ އެދުވަހު ފިލަންވަނީ ދާދި ދެންމެއަކު އޭނާގެ ކާރުގެ ކުރިމަތިން މަގުހުރަސްކޮލާފައި ދިޔަ އަންހެން ކުއްޖާގެ ފުރަގަހަށެވެ. ހިތުގެ ތެޅުން އަވަސްވުމާއެކު ޝަދަފުގެ ދެލޮލުން އުއްމީދުގެ ވިދުވަރެއް ފެނިގެންދިޔައެވެ. މަޑުމަޑުން ކާރުގައި އައިސް އެއަންހެން ކުއްޖާއާ ކައިރިވެލިއެވެ. ހިތްއަވަސްވެފައި ހުރިވަރުން ޝަދަފަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އަނެއްކޮޅުން މިކުރެވެނީ ރަނގަޅުކަމެއްބާއޭ ވިސްނާލެވުނެވެ. އޭރު އޮފީސްތަކަށް ދާމީހުން މަގުމަތިން ފެންނަމުންދިޔައެވެ. ކާރުގެ ދޮރުފަތުގެ ބިއްލޫރިގަނޑު ތިރިކޮށްލަން އުޅުނުވަގުތު އެއަންހެން ކުއްޖާ ކޮންމެވެސް މީހަކަށް އަތްހޫރާލިތަން ފެނުނެވެ. އަދި ޕާކިން ޒޯންގައި ހުރި ސައިކަލަށް އެއަންހެން ކުއްޖާ އެރުމާއެކު އޭނާގެ ފަހަތަށް އެހެން އަންހެން ކުއްޖަކު އައިސް އެރިތަން ޝަދަފަށް ފެނުނެވެ. ލިބުނު ފުރުޞަތު ގެއްލުނީތީ ހުންގާނު ބުރުގައި އަތުން ޖަހާލި ޝަދަފުގެ ދެބުމަކައިރިކޮށްލެވުނެވެ. އެވަރުން ވެސް ޝަދަފު އެއަންހެން ކުއްޖާގެ ފަހަތުން ދުރަކަށް ނުދިޔައެވެ. އެސައިކަލުގެ ފަސްފަހަތުން ދުއްވަމުން އައިސް އެއަންހެން ކުއްޖާ އޮފީހަށް ވަންނަން ދެން ޝަދަފު ފާރަލިއެވެ. އެއަންހެން ކުއްޖާ އޮފީހަށް ވަދެގެން ދިއުމާއެކު ޝަދަފަށް އެއިމާރާތަށް ބަލަހައްޓައިގެން އެތަށް އިރަކު އިނދެވުނެވެ. ކިހިނެއްކަން ނޭނގުނަސް ދެކެފަރިތަގޮތެއް އެހިސާބުގައި ހުރިކަން ޝަދަފަށް ފާހަގަކުރެވުނީ ދެނެވެ. ހަނދާންކުރުމަށްޓަކައި ސިކުނޑީގެ ނާރުތަކަށް ލަމުންދިޔަ ބާރުގެ ސަބަބުން އޭނާގެ ބޮލުގައި ރިއްސަންފެށިއެވެ. ހަމައެވަގުތު ފަހަތުން ބަރުގޮނުގެ އަޑުއިވުމާއެކު ސިހުނެވެ. ކާރު ދުއްވާލީ އެހެންވެއެވެ. ނަމަވެސް އެވަރުން އޭނާ އެއަންހެން ކުއްޖާ ދޫކޮށްލާކަށް ގަސްދެއް ނުކުރެއެވެ. ހޭލާ ހުންނައިރުއާ ހުވަފެނުގަ އައިސް ގޯނާކުރާ އަންހެން ކުއްޖާއާ ބެހޭ ކުޑަވެސް މަޢުލޫމާތެއް އެނގެންޏާ އެނގޭނެ ހަމައެކަނި މީހަކީ ދާދި ދެންމެއަކު ޝަދަފަށް ފެނުނު އަންހެން ކުއްޖާކަން އޭނާގެ ޟަމީރު ޤަބޫލުކުރެއެވެ. އަނެއްކޮޅުން އެއީ އޭނާ ކުރަމުން އައި ވަރަށް ދިގު އިންތުޒާރެއްގެ ނިމުމެވެ. އަތުކުރީ އޮތް ގަޑިއަށް ބަލާލާފައި ޝަދަފު މިސްރާބުޖެހީ ގެއާ ދިމާލަށެވެ.

ސައިކޮޓަރި ފެނުމާއެކު ޝަދަފުގެ ބަނޑުން އަޑުކިޔާލިއެވެ. ފަތިހު ބޯލި ކޮފީތަށްޓާއެކުކަން ހުރީ ހަނދާންވީ ދެނެވެ. އޭރު އެތަނުގައި އެކަކުވެސް ފެންނާކަށް ނެތެވެ. ވަށައިގެން ހޯދާލުމަށްފަހު ޝަދަފު އައިސްއަލަމާރިކައިރީ ހުރި ސުވިޗަށް ފިތާލިއެވެ. އެއާއިއެކު ގިނައިރުތަކެއްނުވެ އެތަނަށް އަމޯރާ އައިސް ވަދެއްޖެއެވެ.

“މޯރާ، ވަރަށް އަވަހަށް ސައިހަދާދީބަލަ” ޝަދަފު ކާމޭޒުކައިރީ އިށީންނަމުން ބުނެލިއެވެ. އަދި އަމޯރާ ސައިހަދަންވާއިރަށް އޭނާ ފޯނުން އެއްޗެއް ހޯދަން ފެށިއެވެ. އޭނާއަށް ފެނުނު އިމާރާތުގައި ހިންގަނީ ކިތަށް އޮފީސްކަމެވެ. އަދި އެ އޮފީސްތައް ނިމެނީ ކިހާއިރުކަމެވެ. އެކަން ޔަޤީންކުރަން އޭނާ އެތަންތަނަށް ގުޅަންވެސް ގުޅިއެވެ. އަމޯރާ ހައިރާންވެފައި ޝަދަފަށް ބަލަމުންދިޔައެވެ. ޝަދަފުގެ ފަރާތުން އެހެންޏާ ނުފެންނަ ކަންތައްތަކެއް ފެންނާތީ ކަމަށްވެދާނެއެވެ. އެހެންނަމަވެސް ސައިހަދައިދީ ނިންމާފައި އޭނާ އެތަނުން ދިޔައީ ޝަދަފު އިތުރުކަމެއް ބޭނުމެއްނޫނޭ ބުނީމައެވެ.

“ހާއި ލަވް، ކޮންއިރަކު އައީ” ހުސްފެންފުޅިއެއް ހިފައިގެން އައިސް ކާކޮޓަރިއަށް ވަން ރީޝަމްއަށް ސައިބޮއެ ނިމެން ކައިރިވެފައި އިން ޝަދަފު ފެނުމުން ހިނިތުންވެލިއެވެ. އެހެންޏާ ފާހަގަނުކުރެވޭ ރީތިކަމެއް ރީޝަމްގެ ފަރާތުން ޝަދަފަށް ފާހަގަކުރެވޭތާ ދެދުވަހެއް ވަރުވެއްޖެއެވެ. އަނެއްކާ އަބަދުހެން ރީޝަމް ހުންނަނީ ވަރަށް ހަމަޖެހިލާފައި އުފާވެރި ގޮތަކަށެވެ. ލޯބިގޮތެއް ހުރެއެވެ.

ފަހަކަށް އައިސް ރީޝަމް ޝަކުވާކުރާނޭ ފުރުޞަތެއް ނުދީވޭތޯ ޝަދަފު މަސައްކަތްކުރެއެވެ. އެންމެ ފަސޭހައިން ރީޝަމްގެ ކިބައިން އޭނާއަށް ސަލާމަތްވެވޭނީ ކިހިނެއްކަން މިހާރު ޝަދަފަށް އެނގެއެވެ. ގައިގޯޅި ވަގުތުކޮޅެއް ރީޝަމްއާއެކު ހޭދަކޮށްލައިފިނަމަ އެކަމާ ހިތްހަމަޖެހިފައި ހުންނަ ރީޝަމް މާގިނަ ޝަކުވާތަކެއް ނުކުރާނެއެވެ. ހަފްތާއަކު ދެފަހަރު އޭނާ ގޮވައިގެން ބޭރަށް ނުކުމެލުމަކީ ވެސް ޝަދަފުގެ ޝެޑިއުލްގައި ހަނދާންކޮށް ކޮންމެހެން ކުރަން ހަމަޖެހިފައި އޮންނަ ކަމެކެވެ. ބޭރުގައި އުޅެލާފައި އަންނައިރު ރީތި ފިނިފެންމަލެއް ގެނެސްދިނުމުން ވެސް ރީޝަމްގެ މޫނުމަތިން ހިނިތުންވުން ފެނިގެންދެއެވެ. އެހެންވެ ޝަދަފުގެ ކަންތައްތަކާ މާގިނަ ސުވާލުކުރުމެއް ނޯވެއެވެ. ލޯތްބަކީ މުހިއްމު އެއްޗެއް ނޫނޭވެސް ބައެއްފަހަރު ޝަދަފުގެ ހިތަށް އަރައެވެ. ކޮށްދޭ އެފަދަ ކުދިކުދި ކަންތައްތަކުން ހިތުގައިވާ އިޙުސާސްތައް އަނެކާއަށް ފޮރުވާލެވޭތީއެވެ. ނަމަވެސް އޭނާގެ ޟަމީރު އެކަމާ އެއްބަހެއްނުވެއެވެ. ސަބަބަކީ ޚުދު ޝަދަފުވަނީ ލޯތްބަކަށް ބޭނުންވެފައިކަމެވެ. އޭނާއަށް ބުނެދޭންނޭނގުނަސް ސިކުނޑީގައި ބިންވަޅުނެގިފައިވާ އެރީތި ސޫރަ ޝަދަފަށް ވަރަށް ޚާއްޞައެވެ. އެސިފައަށް އޭނާގެ ހިތްދެވިފައިވާކަން އެނގޭއިރު އެކަމާ ދެކޮޅު ހަދަނީ ހަޤީޤަތާ ކުރިމަތިލާން ޖެހޭތީއެވެ. ހުވަފެނުގައި ލިބޭ ހިތްހަމަޖެހުމަކީ ހޭލެވުމުން އެކަމުގެ އަސަރު ފިލާ ދާ ކަމަކަށް ވާތީއެވެ.

“ޑިފީ، ހިނގާބަލަ އަހަރުމެންނާއެކު އެއްދުވަހު ޔޯގާ ކުލާހަށް ދަމާ” އަތުގައި އޮތް ހުސްފުޅިއަށް އައިސް އަލަމާރިން ފެންއަޅަމުން ރީޝަމް ބުނެލިއެވެ.

“އަހަރެން ކުރާހިތްވާކަމެއްނޫން އެއީ، ރީޝް، ތިވަރަށް ފެންބޯތިއޭ އެހާ ގިނައިން ފާޚާނާއަށް ދާންޖެހެނީ” ރީޝް ފުޅިއަށް ފެންއަޅާތަން ފެނި ޝަދަފު ބުނެލިއެވެ. ރީޝަމް އަބަދުހެން މިހާރު އުޅެނީ ފެންފުޅިއެއް ހިފައިގެންނެވެ. ޝަދަފު ހީކުރަނީ އެއީ އޭނާގެ ޑައެޓްގެ އެއްބައި ކަމުގައެވެ. ޔޯގާ ކުލާސްތަކަށް ދިއުމާ އެހެނިހެން ކަސްރަތު ކުލާސްތަކަށް ދިއުމަކީ މިހާރު ރީޝަމްގެ އާދައަކަށް ވެއްޖެއެވެ. އޭނާގެ ހަށިގަނޑު ހުންނަނީ ރީތިކޮށްކަމަށްވިޔަސް މިހާރު ވަކިން ބޮޑަށް ހަށިގަނޑަށް ބަލާކަން ވެސް ޝަދަފަށް ފާހަގަކުރެވުނެވެ. ހެނދުނު ޝަދަފަށް ހޭލެވޭއިރު ރީޝަމް އުޅޭނީ ހޭލައެވެ. ކޮންމެ ރެއަކު ނިދަން އޯށޯތުމުގެ ކުރިން އުނަގަނޑުގައި މިންއަޅާލައެވެ. ބައެއްފަހަރު ޝަދަފަށް ކަމެއް އަންގަން އުޅޭހެން ވެސް ހީވެއެވެ.

“ގިނައިން ފެންބުއިމަކީ ވަރަށް ރަނގަޅުކަމެއް، ބަލާބާ އަހަރެންގެ ސްކިންވެސް، މިހާރު ކުރިން ނުހުންނަ ގްލޯއެއް އެބަހުއްޓެންނު” ތުއިވެލާފައި ކޯތާފަތުގައި އަތްޖައްސާލަމުން ރީޝަމް ބުންޏެވެ. އަދި ފެންފުޅީގެ މަތިގަނޑު ޖަހާލަމުން އެތަނުން ނުކުމެގެން ދިޔައީ ޝަދަފުގެ ކޮލުގައި އޭނާގެ ތުންފަތްޖައްސާލާފައެވެ. ރީޝަމްގެ އެހަރަކާތުން ދެބުމައަރުވާލި ޝަދަފު ދެފަރާތަށް ބޯހޫރުވާލާފައި ކާންއިން ތަށި ކުޑަކޮށް ދުރަށް ޖައްސާލިއެވެ.

“ދަރިފުޅާ، ތިބޯކޮށާނީ ކޮންދުވަހުންތަ؟” ޓެރެސްގެ އުނދޯލީގައި އޮތް ޝަދަފަށް ޖޫސްތަށްޓެއް ހިފައިގެން އައި އަސްމަހާނު އަހާލިއެވެ.

“ވަރަށް ފަހުން ކޮށާފަމިހިރީ” ތެދުވެ އިށީންނަމުން ޝަދަފު ބުންޏެވެ.

“އެނގެޔޭ މިހާދުވަސްވާއިރު އުނަގަނޑާ ހަމައަށް ދިގުނުވެ ތިއޮންނަނީ ކޮށާތީކަން، މަންމަ މިބުނަނީ ތިހެން އިސްތަށިގަނޑު ދިގުކޮށް ނުބަހައްޓާ ކުރުކޮށްލާނީ ކޮންދުވަހަކުން ހޭ” އަސްމަހާނު އައިސް އުނދޯލި ކައިރީ ހުރި ގޮނޑިއެއްގައި އިށީންނަމުން މޭޒުމަތީ ތަބަށް ބަހައްޓާލިއެވެ.

“އަޅުގަނޑަށް މިގޮތް ކަމުދާތީ މިހެން ބަހައްޓާފައި މިހިރީ، ރީޝްއަށް ވެސް ވަރަށް ރީއްޗޭ ބުނި” އެންމެ ފަސޭހައިން މަންމަގެ ގާތުން ސަލާމަތްވެވޭނީ ރީޝަމްގެ ނަން އެކަމަކާ ގުޅުވާލީމަކަން ޝަދަފަށް މިހާރު އެނގެއެވެ.

“ދެންއެންމެ ރަނގަޅު، އަން! މިޖޫސްތަށި ބޯލާ، ވަރަށް ހޫނު ގަދަ ދުވަހެއްނު، ރީޝް ބުނީ ދަރިފުޅު ޓެރެސްގައި އޮތްވާހަކަ، މެންދުރު ނުވެސްކަމެންނު، އެހެންވެ މަންމަ މިއައީ ޖޫސްތަށްޓެއް ހިފައިގެން” އަސްމަހާނު ލުއިހިނިތުންވުމަކާއެކު މޭޒުމަތިން ތަށިނަގާ ޝަދަފްއަށް ދިއްކޮށްލިއެވެ.

“ދަރިފުޅާ، އަދިވެސް ތިއުޅެނީ އާވާރާވެގެން އުޅޭމީހަކުހެން، ގިނަވަގުތު ގޭގައި އެހެންނޫނީ އެޒައުލްއަކާއެކު، މަންމައަށް ފެންނަނީ ދަރިފުޅު މަސައްކަތެއް ކުރަންފަށަން، ބައްޕައާއެކު އެއޮފީހުގައި މަސައްކަތްކުރާހިތް ނުވާނަމަ، ދަރިފުޅު ކުރާހިތްވާކަމެއް ބައްޕަ ގާތު ނަންގަންވީނު، އޭރުން ދަރިފުޅު ބޭނުންވާކަހަލަ އޮފީހެއްގައި މަސައްކަތްކުރެވޭނެއެންނު، ޝަދަފު ބޭނުންނަމަ ބައްޕަ ދަރިފުޅަށް ވަކިން އޮފީހެއްވެސް ހުޅުވާދެއްވަފާނެ…” އަސްމަހާނު އަދިވެސް ޝަދަފާމެދު ކަންބޮޑުވާކަން ފާޅުކުރިއެވެ.

“އަދިއެއްނޫން މަންމާ، އިހަށް ގޭގައި މަޑުކޮށްލަން ބޭނުންވަނީ، އަޅުގަނޑު ބުނާނަން އެކަހަލަކަމެއް ބޭނުންވަންޏާ، ޒައުލް ވެސް ބުނެފި އޭނާއާއެކު ޕާޓްނަރޝިޕެއް ހަދަން، އެކަމަކު ހޮޓެލް ބިޒްނަސްއަކީ ވެސް އަޅުގަނޑު ކުރާހިތްވާކަމެއް ނޫން، މަންމާ، އެބަ ވިސްނަން ޔޫޝައު ކޮއްކޮގާތަށް އެކޮޅަށް ގޮސްލަން” ޝަދަފު ބުނިއެއްޗަކުން އަސްމަހާނުގެ މޫނު އުޖާލާވެގެން ދިޔައެވެ. ހަޤީޤަތަކީ އަސްމަހާނު އެއްގޮތަކަށް ވެސް ޝަދަފު މާލޭގައި ހުރުމަށް ބޭނުންނުވާކަމެވެ. މާލޭގެ ފަސްގަނޑަކީ އެކުއްޖާއަށް ހެޔޮއެއްޗެއްކަމުގައި ނުވެއެވެ.

“ތީވަރަށް ރަނގަޅު ޚިޔާލެއް، ޔޫޝައު އެހުންނަނީ މާލެ ނާންނަންވެގެން، އަހަރުމެންނަށް ޖެހޭނީ އޭނާގެ ގާތަށް ދާން، މަންމަ ވެސް ބޭނުން ދުވަސްކޮޅަކަށް ޔޫޝައު ދެކިލަން އެކޮޅަށް ދާން” ހިނިތުންވެލައިގެން އިން އަސްމަހާނު ބުނެލިއެވެ.

“އަޅުގަނޑު ތަންކޮޅެއް ފަހުން ޔޫޝްއަށް ގުޅާލާނަން، އަދި ފުރާނެ ދުވަހެއް ހަމަޖައްސާލާފައި މަންމަ ގާތު ބުނާނަން” ޝަދަފު މިހެން ބުނެ އިސްޖަހާލީ ޚިޔާލުތަކުގެ ތެރެއަށް އޭނާގެ ސިކުނޑި ދޫކޮށްލަމުންނެވެ. އަދި މަޑުމަޑުން އިނދެ ޖޫސްތަށިން މަދުމަދުން އެތިފޮދު ބޮމުންދިޔައެވެ.

އަތުކުރީ އޮތް ގަޑިއަށް ބަލާލާލުމާއެކު ޝަދަފުގެ ހަރަކާތްތައް އަވަސްވިއެވެ. ބުރުހުން އިސްތަށިގަނޑު އޮމާންކޮށްލި ނަމަވެސް އެނާ ކޮޓަރިން ނުކުންނަމުން އިސްތަށިގަނޑުގައި އަތްފުނާ އަޅާލަމުން ތަޅުވާލީ އިސްތަށިގަނޑު ތެތްވީމަ ހިއްކާލުމަށެވެ. ބޮޑުކޮޓަރި ތެރެއިން ލާފައި ޝަދަފު ނުކުމެގެން ދިޔައިރު އެތަނުގައި ތިބި އަސްމަހާނާ ރީޝަމްއަށް ވެސް ޝަދަފު ޖަހާފައި ހުރި ސެންޓުގެ މީރުވަސް ދުވިއެވެ. އެމީހުންނަށް ބަލާލުމެއްނެތި ޝަދަފު ގެއިން ނުކުމެގެން އައިސް އޭނާގެ ކާރަށް އެރިއެވެ.

ހުންގާނުގައި ދެއަތް އަޅުވާލައިގެން ބޯތިރިކޮށްލައިގެން އިނދެ ޝަދަފު ބަލަމުން ދިޔައީ ހެނދުނު އޭނާ އައިސް މަޑުކޮށްލި އިމާރާތުގެ ތެރެއަށެވެ. އޭރު އޮފީސް ނިންމާފައި ދެޖިންސުގެ ޒުވާނުން ނުކުންނަމުން ދިޔައެވެ. ޝަދަފުގެ ލޯ ހޯދަމުން ދިޔަ އަންހެން ކުއްޖާ ނުކުތީ މީހުންތައް މަދުވިފަހުންނެވެ. ކާރު އިސްޓާޓުކޮށްލުމާއެކު އެއަންހެން ކުއްޖާގެ ސައިކަލު ފަހަތުން ޝަދަފު ދުއްވަމުން އައެވެ. ޕާކިން ޒޯންގައި ސައިކަލު ޕާކުކޮށްލާފައި އެއަންހެން ކުއްޖާ މަގުގެ ކަންމަތިން ލަނބާލުމާއެކު މަގު ހުރަސްކޮށްލަން އުޅުނެވެ. އެހިނދު ޝަދަފު ކާރުގެ ދުވެލި ތަންކޮޅެއް ބާރުކޮށްލުމާއެކު އެއަންހެން ކުއްޖާ ވަންނަން އުޅުނު ގޭގެ ދޮރުމައްޗަށް ވާގޮތަށް ކާރުގެ ބުރެކިޖައްސާލިއެވެ.

“ހެލޯ، މަޑުކޮށްލަ ދީފާނަންތަ” ތިރިކޮށްލި ބިއްލޫރިގަނޑުގެ ތެރެއިން ޝަދަފުގެ އަޑުއިވި އެއަންހެން ކުއްޖާ ބަލާލިއެވެ.

“ޝަދަފު….” ހައިރާންވެ އަންތަރީސްވި ސަމަރްއަށް ދެލޯބޮޑުކޮށްގެން ކާރުގައި އިން ޝަދަފަށް ބަލަންހުރެވުނީއެވެ. ޝަދަފު އޭނާ ހޯދަން އަތުވެދާނޭ ކަމަކަށް އެއްފަހަރުވެސް ހީކުރެވިފައެއްނެތެވެ.

“އަނެއްކާ ޝަދަފުގެ ހަނދާންތައް އައީބާ” ސަމަރުގެ ހިތަށް އެރިއެވެ. އެހެންނަމަވެސް އާގަމައާރާފައި ހުރިގޮތަށް ހުރެވުނީއެވެ. ދެކެވުނު ވާހަކައެއްވިއްޔާ ދެކެވުނީ އަމިއްލަ ނަފްސާއެވެ.

“ޕްލީޒް، ވާހަކަދައްކާލަން ބޭނުން، މާގިނަ ވަގުތެއް ނުނަގާނަން” ހުއްޓުން އަރާފައި ހުރި ސަމަރުއާ އަނެއްކާވެސް ޝަދަފު ވާހަކަދެއްކިއެވެ.

“އެހެންވިޔަސް އަހަރެން ބޭނުމެއްނޫން ތިމީހާއާ ވާހަކަދައްކާކަށް” ސަމަރު އަވަސް އަވަހަށް މޫނު ހަދާލަމުން އަނެއްފަރާތަށް އެނބުރުނެވެ.

“އަހަންނަށް ކިޔަނީ ތިމީހާއެއް ނޫން، އަހަރެންގެ ނަމަކީ ޝަދަފު، އަހަރެން ނޫޅެން ތިކުއްޖާއަށް ކަމެއްކުރާކަށް، ބޭނުންވަނީ ހަމައެންމެކަމެއް އޮޅުން ފިލުވާލަން، އަހަރެން މިކަމަށް ވަރަށް ދިގު އިންތިޒާރެއްކޮށްފިން” ޝަދަފުގެ ވާހަކަހުރިގޮތުން ސަމަރްއަށް ފުންނޭވާއެއް ބޭރުކޮށްލެވުނެވެ.

“އެހެންވީމަ އަދިވެސް ޝަދަފު އެހެރީ އެއަނދިރިކަމުގެ ތެރޭގައި، އޭނާއަށް ނޭނގުނު އަހަންނަކީ ކާކުކަމެއް، ދެން ކިހިނެއް ޢިޒްވާއަކީ ކާކުކަން އޭނާއަށް އެނގޭނީ” ވީދެރައިން ސަމަރު ހިތަށްއެރިއެވެ.

“ކީއްވެތަ އަހަރެންދެކެ ތިހާ ރުޅިއަންނަނީ، އަހަންނަށް ކަމެއްކުރެވުނީތަ؟ ނޫނީ ކުރިން އަހަރެން ދަންނަންތަ” ޝަދަފު ސުވާލުކުރީ ކެތްތެރިކަން ކުޑަވެފައި އިނދެއެވެ.

“އަމިއްލައަށް ތިސުވާލުތަކުގެ ޖަވާބު ހޯދީމަ ނިމުނީނު، ކޮންމެހެން އަހަރެން ކައިރީ އަހާނެކަމެއްނެތް” ސަމަރުގެ ފަރާތުން ޝަދަފު ބޭނުންވާ ޖަވާބު ނުލިބުނެއްކަމަކު އެދެމެދުގައި ކޮންމެވެސް ކަމެއް ހިނގައިފައި އޮތްކަން ޝަދަފަށް ޔަޤީންވިއެވެ. އޭނާއަކީ ދުވަހަކުވެސް އަންހެންކުދިންގެ ހިތުގައި ޖައްސާ އެމީހުންނަށް ދެރަކޮށް ހިތާމީހެއް ނޫނެވެ. ވީއިރު އޭނާގެ ކުރިމަތީ ހުރި އަންހެންކުއްޖާ އެހޭ ރުޅިއަންނަވަރުގެ ކަމަކަށް އޭނާއަށް ކުރެވުނީ ކޮންކަމެއްކަމާމެދު ވަރަށް ފުންކޮށް ވިސްނާލެވުނެވެ.

“ކޮންނަމެއް ކިޔަނީ؟ ނަންއެނގުނީމަ ވާހަކަދައްކަން ތަންކޮޅެއް ފަސޭހަވާނެ ދޯ، އަސްލު އަހަރެން އަހާލަން ބޭނުންވަނީ އެދުވަހު ތިކުއްޖާގެ ފަހަތަށް ވަދެ ފިލީ، އެއީ ކޮންކުއްޖެއްތޯ، ކޮންނަމެއް ކިޔާ ކުއްޖެތަ، އޭނާ އުޅޭތަނެއް އެނގެންޏާ ބުނެދީފާނަންތަ” ޝަދަފު މިހެން ބުނުމުން ސަމަރުގެ މޫނުމަތިން ފާޅުވެގެން ދިޔައީ ބިރުވެރިކަމެވެ.

“ޝަދަފަށް އަހަންނެއް ނޭނގުނު، ޢިޒްވާއެއް ނޭނގޭ، އެކަމަކުވެސް ޢިޒްވާ ހޯދަން ބޭނުންވަނީތަ، ކީއްކުރަން؟ އޭނާއާމެދު ޝަދަފު ކަންތައްކުރިގޮތް ނުފުދޭތަ، އަދިވެސް އިތުރު ހިތްދަތިކަމެއް ދޭންބޭނުންވަނީތަ. ކީއްކުރަން ޢިޒްވާ ހޯދަނީ… އެއަންހެންކުއްޖާގެ ހިތްފަޅައިގެން ގޮސްގެން މަރުވެދާނެ، އެއީތަ ޝަދަފު ބޭނުންވާގޮތަކީ، ޢިޒްވާގެ ނަންވެސް މިދުނިޔޭން ފޮހެލަން ބޭނުންވަނީތަ؟ ހަނދާންނެތުނެއްކަމަކު ތިހާ ރަޙުމުކުޑަވާކަށްނުވާނެ، ނޫނީ ހަނދާންނެތިފައި ހުރިކަމަށް ހެދިގެންތަ ތިއުޅެނީ…” ހާސްވެ ކަންބޮޑުވެފައި ހުރި ސަމަރުގެ ހިތަށް ވަރަށްގިނަ އެއްޗެހި އަރާފައިބައިގެން ދިޔައެވެ.

“ކީއްވެ އެއްޗެއް ނުބުނީ، ޕްލީޒް، އެއަންހެން ކުއްޖާ އުޅޭތަނެއް އަހަންނަށް ބުނެދީ، އަހަރެން އޭނައާ ބައްދަލުކޮށްލަން ބޭނުން، މީ އަހަރެންގެ ދިރިއުޅުމާ ގުޅިފައިވާ ކަމެއް، އަހަރެން އެއަންހެން ކުއްޖާ ގާތުން އޮޅުންފިލުވަން…” ޝަދަފުގެ ވާހަކަ އަޑުއެހުމެއްނެތި ސަމަރު ވާހަކަދެއްކިއެވެ.

“ޝަދަފުގެ ދިރިއުޅުމަށް ޝަދަފަށް މަރުހަބާ، ކޮންމެހެން އެހެންމީހުންގެ ދިރިއުޅުމާ އަލުން ކުޅެން ނުހަދާ، މިމަގުގައި ދުއްވާއެއްޗެހި ތޮއްނުޖެހެނީސް ދެން ރަނގަޅުވާނީ މިތަނުން ދިޔައްޔާ، އަދި އަހަންނާ ވާހަކަދައްކަން މަސައްކަތް ނުކުރިއްޔާ، އަހަރެން ޝަދަފު ގާތު ބުނާނެ އެއްކައްޗެއް ވެސް ނެތް” ފެންކަޅިވެފައި ހުރެ ސަމަރު އަވަސް އަވަހަށް ގޭގެ ދޮރޯށިން އެތެރެއަށް ދެމިގަތެވެ.

“ޕްލީޒް… ޕްލީޒް…” ޝަދަފު ތަންކޮޅެއް ބާރަށް އާދޭސްކޮށްކޮށް އޮއްވަވެސް ސަމަރު އެތެރެއަށް ވަދެގެން ދިޔައީ އޭނާގެ އަޑުއެހުމެއްނެތިއެވެ. މިއަދު ޝަދަފުގެ ސިކުނޑި އިތުރުކަމަކަށް ހޭލައިގަތްކަހަލައެވެ. ވަށައިގެންވި މާހައުލު ފެނުނެއްކަމަކު އޭނާއަށް ސިއްރުވެފައި ކަމެއްވާކަން މިއަދު އެނގިއްޖެއެވެ. އޭނާއާ އެގޮތްނޭނގޭ އަންހެންކުއްޖާއާ ކޮންމެވެސް ގުޅުމެއް އޮތްކަން ޔަޤީންވެއެވެ. ސަމަރުއަށް ޖެހޭނީ އޭނާއަށް އެއަންހެން ކުއްޖާ ހުރިތަނެއް ބުނެދޭށެވެ. އެއީ ޝަދަފު ހުރީ އެހާއަވަހަށް ސަމަރުގެ ފަހަތުން ދުރަށްދާކަހަލަ ޚިޔާލެއްގައެއް ނޫނެވެ. ކާރު ދުއްވާލުމުގެ ކުރިން ޝަދަފު ގޭގެ ނަންބޯޑަށް ބަލާލިއެވެ.

“އަޅެ ނަންބުނެލާފައި ދިޔަނަމައެންނު ހޯދަން ގެއަށް ވަދެވޭނީ ވެސް” ޝަދަފު ދެދަތްޕިލާ ޖައްސާބާރުކޮށްލިއެވެ.

މޫޑު ރަނގަޅު ނޫނަސް އެކަން ޢާއިލާގެ މީހަކަށް އަންގާކަށް ޝަދަފު ބޭނުމެއްނޫނެވެ. ބައެއްފަހަރު އޭނާ އުޅޭއިރު ހީވަނީ ދެމީހުންގެ ދިރުއުޅުން އުޅެން މަސައްކަތްކުރާހެންނެވެ. ތަފާތު ދެމީހަކަށް ވެގެންނެވެ. އެއްކޮޅުން އިނދެގެން އުޅޭ އަނބިމީހާ އާއި ޢާއިލާ ބޭނުންވާގޮތަށް ކަންތައްކުރަން މަޖުބޫރުވެފައިވާއިރު އަނެއްކޮޅުން އޭނާގެ އަމިއްލަ ދިރިއުޅުމުގައި ފޮރުވިފައިވާ ސިއްރުތައް ހޯދުމަށްޓަކައި ޝަދަފު މަސައްކަތްކުރެއެވެ. ނަމަވެސް އޭނާއަށް ކުރިލިބޭ ގޮތެއް ނުވިއެވެ. ސަމަރުގެ ފަހަތުން އޭނާ އުޅޭތާ ހަފްތާއެއްވީއިރު ވެސް އޭނާ ޝަދަފާ ވާހަކަދައްކާނޭ ގޮތެއް ނުހެދުނެވެ. އޭގެ އިތުރުން އަޖައިބުވަނީ ރީޝަމްއަކީ ކާކުކަން ސަމަރްއަށް އެނގޭތީއެވެ. އެއީ ވެސް ޝަދަފު ބޭނުންވާ ސުވާލުތަކަށް ސަމަރްއަށް ޖަވާބުދެވޭނޭކަން ޔަޤީންވާ އެއްސަބަބެވެ.

“އަހަރެން މިއުޅެނީ އެއްގޮތަކަށް ވެސް އުނދަގޫކުރާކަށް ނޫން، އެއްފަހަރު ނަމަވެސް އަހަންނަށް އެއަންހެން ކުއްޖާއާ ބެހޭ ކޮންމެވެސް މަޢުލޫމާތެއްދީ، އޭރުން ދެން މިގޮތަށް އުނދަގޫކުރާކަށް ފަހަތަކުން ނުހިނގާނަން” ކުއްލިއަކަށް ސަމަރުމެންގޭ ދޮރޯށިކައިރި މަޑުކޮށްލި ޝަދަފު އަތްހުރަސްކޮށްލީ ސަމަރު އެތެރެއަށް ވަނަނުދޭށެވެ.

“ކިހާ ދެރަކަމެއް ޝަދަފު، އަހަރެން ބުނެފީމެންނު މިހާރު އެއަންހެންކުއްޖާ ހޯދަން ނޫޅޭށޭ، ވަގުތު ފާއިތުވެއްޖެއޭ، ޝަދަފުގެ ޢާއިލާ މީހުން ބުނާގޮތަށް ކަންތައްކުރީމަ ހުންނާނީ ރަނގަޅަށް، ޢިޒްވާ ފަކީރު…..” ކުއްލިއަކަށް އައިރުޅިއާއެކު ސަމަރްއަށް ޢިޒްވާގެ ނަންކިޔާލެވުނުކަން އެނގުމުން މީހާ ހުއްޓުން އެރިއެވެ. އަދި ހާސްވެކަންބޮޑުވެފައި ހުރި ފަދަ ގޮތަކަށް ޝަދަފަށް ބަލާލެވުނެވެ.

“ޢި…ޒް…ވާ… ޢިޒްވާ… އަހަރެން އެނަން އަޑުއެހިން، އެކަމަކު ކޮންތާކުންބާ؟ ކިހިނެއްބާ؟ އެއީ އެއަންހެންކުއްޖާގެ ނަން” ޝަދަފު ފުންޚިޔާލަކަށް ގެއްލިހުރި ފަދަ ގޮތަކަށް ބުނެލިއެވެ. އިތުރަށް ވާހަކަދައްކަނިކޮށް ހިފަހައްޓަމުން އައި ސިއްރުތައް ބޭޒާރުވެދާނޭތީވެ ދެބުމަގޮށްޖަހާލި ސަމަރު، ޝަދަފުގެ އަތުގައި ދެއަތުން އެލިގަތުމާއެކު ހުރަސްކޮށްލާފައި ހުރި ޝަދަފުގެ އަތް ފޮޅުވާލިއެވެ.

“މަޑުކޮށްބަލަ، އޭތް! އިހަށް މަޑުކޮށްބަލަ” ޝަދަފު ގޮވަގޮވާއޮއްވާ ހަލުވިކޮށް ގޭތެރެއަށްވަދެ ދޮރުޖެހިއެވެ. ޝަދަފުގެ މޫނުގައި ދޮރުފަތް އައިސް ނުޖެހުނީ އޭނާ އެވަރު ވިސްނައިގެން ހުރީތީއެވެ. ދެފަރާތަށް ބޯހޫރާލުމާއެކު މަޑުމަޑުން ހިނގާލާފައި އޭނާ މިސްރާބުޖެހީ ގެއާ ދިމާލަށެވެ. އޭރު އޭނާގެ ދުލުންނާ ހިތާ ސިކުނޑީގައި ވެސް އެއްއަޑަކަށް ކިޔެމުންދިޔައީ ޢިޒްވާގެ ނަމެވެ. ހީވަނީ ހަނދާނުން އެނަން ފޮހެވިޔަނުދޭން ޝަދަފު މަސައްކަތްކުރާހެނެވެ.

މީޓިންނެއް ނިންމާފައި ގެއަށް ދިއުމަށްޓަކައި ކާރުދުއްވަމުންދިޔަ ނަވާލު މަޑުކޮށްލީ ޓްރެފިކްލައިޓުގެ ރަތްއަލި ފެނިގެންނެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ކަފިހި ހުރަސްމަތިން ހުރަސްކޮށްލާފައި ގޮސް ކުރަމަތިން ފެންނަން އޮތް މަގަށް އެޅި ޝަދަފެވެ. ދެޖީބަށް އަތްޖަހާލައިގެން ހުރެ ކަރުއެލުވާލައިގެން އޭނާ ހިނގަމުންދިޔައީ މާޔޫސްވެފައިހުރި މީހަކު ފަދައިންނެވެ. ދެލޯ ބޮޑުކޮށްލެވުނު ނަވާލަށް ވަށައިގެން ހޯދާލެވުނެވެ. އެންމެ އަވަހަށް ޝަދަފުގެ ގާތަށް ދެވޭނެ ގޮތެއް ހޯދުމަށް އޭނާގެ ސިކުނޑި މަސައްކަތްކުރަންފެށިއެވެ. ދެރައީ ކުރިމަތިން ފެންނަންއޮތީ އެއްކޮޅަށް ދުއްވާމަގަކަށް ވީކަމެވެ. އެމަގަށް ވަންނަންޖެހޭނީ ވަށާލާފައިކަމަށްވީކަމެވެ. އެހާތަނުން ޝަދަފު ކޮންމެ ދިމާލަކަށް ދިޔަޔަސް ނަވާލަށް އޭނާ ގެއްލޭނެއެވެ. ކެތްތެރިކަން ކުޑަވެފައި އިނދެ މީހާ އެއްވަރަކަށް ތެޅިލަތެޅިލާ އިނީ ފެހިލައިޓު ނުޖެހިގެންނެވެ. ކުއްލިއަކަށް ނަވާލަށް މާގިނަވަގުތު ލައިޓުގައި މަޑުކުރަންޖެހުނު ހެން ހީވާންފެށިއެވެ. ގަޑިބަލާލާފައި ބޯއަރިކޮށްލަމުން ދެތިންފަހަރަށް ލައިޓަށް ބަލާލާފައި ހުންގާނުގައި އަތުން ޖަހާލިއެވެ.

“ހޭ ޑިފީ، ކޮންތާކަށް، ކޮބާ ކާރު” ކުއްލިއަކަށް ކާރެއްގައި މަޑުކޮށްލި ޒުވާނަކު ޝަދަފަށް ގޮވާލުމުން ބަލާލިއިރު އޭގައި އިނީ ޒައުލްއެވެ. ތުންފަތަށް ވަގުތީ ހިނިތުންވުމެއްވެރިކޮށްލަމުން ޝަދަފު ވާހަކަދެއްކިއެވެ.

“މިދަނީ ގެއާ ދިމާލަށް، ކާރުވީ ގޭދޮށުގައި” ޝަދަފު ބުންޏެވެ.

“އަރާ، ދެދުވަސްވީ އަހަންނަށް ޚަބަރެއްނުވެ އުޅޭތާ، ފެނުނީމާ ގޮވައިގެން މިފަހަރު ދާނީ، އާދޭ، އަރާ ކާރަށް” ޒައުލް ބުންޏެވެ. ޝަދަފު ނޫނޭކޭ ބުނެފަވެސް ޒައުލްގެ ކާރަށް އެރީ އޭނާ ގޮތްދޫނުކުރާނެކަން އެނގޭތީއެވެ. އަދި އެހެންދާ މީހުންގެ ސަމާލުކަން އޭނާއަށް ހުއްޓެން ވެސް ބޭނުންނުވީއެވެ.

ޝަދަފު ކާރަށް އަރާ ހަމަޖެހިލިއިރު ކާރުގެ ފަހަތުގައި އިން ފިރިހެންކުއްޖާ އޭނާގެ ލޮލުގައި އަޅައިގަތެވެ. އެއީ މީގެ ކުރިންވެސް ޒައުލްމެންގެ ގެއިން އޭނާއަށް ދެތިން ފަހަރަކު ފެނިވެފައިވާ ކުއްޖެކެވެ. ބަލާބެލުމަށް ކިޔާންއަށްވުރެ އުމުރުގެ ގޮތުން އެތައްތަނެއް ހަގުވައްތަރު އެމޫނުމަތީގައި ޖަހައެވެ. ޝަދަފު އެކުއްޖާއަށް ހިނިތުންވެލާފައި ޒައުލްއަށް ބަލާލީ ވާހަކައެއް އަހާލަން ބޭނުންވެފައި އިންފަދަ ގޮތަކަށެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *