ABADHU THIYA LOABI KALAA VAANAN HEY [07]

“ޒައުލް ކީކޭ ބުނަނީ؟” ސަމަރު ހުރިހާ ވާހަކައެއް ކިޔައިދިނުމަށްފަހު އަހާލިއެވެ.

“ޑިފީއަށް ފަރުވާއެއް ހޯދުން އަވަސްކުރަންވީ، ހަމައެއާއެކު ސަމަރު ތިބުނީ ވެސް ތެދުވާހަކައެއް، ޑިފީއަށް މިހާބޮޑުކަމެއް ދިމާވެފައި އޮތްއިރު އޭނާގެ ޢާއިލާއަށް ނާންގާ ފުރައިގެން ދިއުން އެއީ އެންމެ ބުއްދިވެރި ގޮތްކަމުގައި އަހަންނަކަށް ވެސް ނުފެނޭ، އެކަމަކު އިޒޫ އެގޮތް ބޭނުމެއްނުވާނެ، ޑިފީގެ މަންމަމެން ކަންތައްކުރީ ވެސް ރަނގަޅަކަށް ނޫން، މިވީ ފަސްއަހަރުތެރޭ ޑިފީ އޭނާގެ އަމިއްލަ ފައިމައްޗަށް އެތެދުވީ ނަވާލުގެ އެހީގައި، އޭނާ އަސްމާ އާންޓީއަށް ޝައްކެއްވެދާނޭތީވެ އަހަރެންގެ ފަރާތުން އެއްވެސް އެހީއެއް ބޭނުމެއްނުކުރި، ހަމަނޭވާލެވި ދިރިއުޅުމައިގެން ހިންދެމިލި ދުވަހު ކޮންފަދަ ދެރަކަމެއް އެ އެކުވެރިޔާއަށް ކުރިމަތިމިވީ، ނަސީބެންނު މިއަދު އަހަރުމެންނަށް ޑިފީ އާއި ޢިޒްވާގެ އަޑުއިވޭހާ ގާތުގައި ތިބެވުނުކަން، އެހެންނޫނީ ޑިފީގެ އަންހެނުންނާ ދަރިފުޅު މިދުނިޔެއަށް ބިކަވީސްކަން ޔަޤީން” ޒައުލް މިހެން ބުނެ ފުންނޭވާއެއް ލިއެވެ.

“ތީ ތެދެއް، ﷲ އެއްވެސް އަޅަކަށް ދެރަގޮތެއް މިންވަރެއް ނުކުރައްވާނެ، އިޒޫ އާއި ޝަދަފު އަހަރުމެންގެ ދިރިއުޅުމަށް އައީ މިބޭނުމުގައި ކަމަށްވެސް ވެދާނެ، މިއަދު އަހަރުމެންނަށް އެހީތެރިވެވެން އޮތް ގޮތަކުން އެދެމައިންނަށް އެހީތެރިވެދޭން އެބަޖެހޭ” ސަމަރު މޮޅިވެރިގޮތަކަށް އިސްޖަހާލިއެވެ.

“ސަމަރު، އަހަރެން ޑިފީ ގޮވައިގެން ފުރުމުގެ ކަންތައްތައް ހަމަޖައްސާނަން، އަދި އޭނާގެ ޢާއިލާއަށް ވެސް އެކަން އަންގާނަން، އެކަމަކު ސަމަރު ނުވާނެ އެކަން އެނގޭކަމަށް ހަދައިގެން، މިވަގުތު މިނޫންގޮތެއްނެތް، ޑިފީ އޮތްހާލެއް ޔަޤީންވަނީއެއްނޫން، އޭނާގެ ހަށިގަނޑުން ފުރާނަވަކިވާފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެވަގުތު އޭނާގެ ޢާއިލާ މީހުންނާ ދުރުގައި ބަހައްޓާކަށް އަހަރެންގެ ޟަމީރު އެއްބަހެއްނުވޭ، ހަމަމިހާރު މިދަނީ ޑޮކްޓަރާ ވާހަކަދައްކާ ހުރިހާކަމެއް ހަމަޖައްސަން، އިޒޫ ނުރުހުންވިޔަސް ނުރުހުންވާނީ އަހަރެންގެ ދެކެ އެންނު، ސަމަރު ނުވާނެ އިޒޫއާ އެންމެ ހިނދުކޮޅަކަށް ވެސް ދުރަށް ގޮސްގެން” ޒައުލް ވަގުތުން ރާވާލިއެވެ. ޝަދަފަށް މިވަގުތަށް އެންމެ ރަނގަޅުވާނެކަމަށް ޚިޔާލަށް އައިގޮތަށެވެ. ހަމައެއާއިއެކު ޝަދަފު ސަލާމަތްކޮށްގެން ވީއެންމެ އަވަހަކަށް ޢިޒްވާއަށް އޭނާގެ އަމާނާތް ރައްދުކޮށްދިނުމަށް ހިތުނިޔަތްގަންނަމުންނެވެ.

އޮފީހުގައި އޮލަވާހަކައެއްގައި ތަރަފް އާއި ރަސަލް ތިބިއިރު އެކަކު އަނެކަކަށް އަމާޒުވެފައިވާ ނަޒަރު ކެބިންގެ ދޮރާދިމާލަށް ކުއްލިއަކަށް ހުއްޓިގެން ދިޔައީ ބިއްލޫރިދޮރު ހުޅުވާލާފައި އެތެރެއަށް ވަން ޒައުލް ފެނިފައެވެ. ތަރަފްގެ ޢައިލާއާ ދުރުގައި ގިނަދުވަސްތަކެއް ހޭދަކޮށްފައިވާ ޒައުލް ކުއްލިއަކަށް ފެނުމުން ތަރަފްގެ މޫނުމަތިން ސުވާލު އުފެދިފައި އިންކަމުގެ އަސަރުތައް ފާޅުވެގެންދިޔައެވެ.

“އަންކަލް…” މަޑުމައިތިރިކަމާއެކު ޒައުލް ތަރަފްއަށް ގޮވާލަމުން ދެންއިން ރަސަލްއަށް އިޙުތިރާމުގެ ގޮތުން ބޯތިރިކޮށްލިއެވެ.

“ޔެސް ޔަންގމޭން، ކުއްލިއަކަށް މިއޮފީހަށް އަންނަން ޖެހުނީ އަނެއްކާ މަގުއޮޅުނީތަ” ތަރަފް އުޅުނީ ސަމާސާކޮށްލާށެވެ. އެހެންނަމަވެސް ޒައުލްގެ މޫނުމަތިން ފެންނަމުންދިޔަ ހާސްކަމާ ކަންބޮޑުވުމަށް ބަދަލެއް ނައެވެ. ކުރިމަތީ ހުރި ގޮނޑީގައި އިށީނުމަށް ތަރަފް އަތުން އިޝާރާތްކޮށްލީމަ ވެސް ޒައުލް އިށީންނާކަށް ބޭނުމެއްނުވިއެވެ. އައިގޮތަށް އައިސް ގޮނޑީގެ ލެނގޭބައިގައި ދެއަތުން ހިފަހައްޓާލަމުން ވާހަކަދައްކަން ފެށިއެވެ.

“އަންކަލް، ޑިފީ….” ޒައުލް، އަސްމަހާނުގެ ގާތަށް ދިއުމުގެ ބަދަލުގައި ސީދާ ތަރަފްއާ ބައްދަލުކުރަން އައީ ވަކި މަޤްޞަދެއްގައެވެ. ޝަދަފުގެ ނަންކިޔާލުމާއިއެކު ވެސް އެކަން އޭނާއަށް ހާޞިލުވިކަހަލައެވެ. ތަރަފް ކުއްލިއަކަށް ސީރިއަސްވެފައި ސުވާލުކުރަން ފެށިއެވެ. އޭނާއަށް ޝަދަފުގެ އެކްސިޑެންޓުގެ ވާހަކަ ޒައުލް ކިޔާދިނުމުން ގޮނޑީއަށް އެންމެ ސުކުންތުކޮޅެއް ވެސް މަޑުން ނީނދެވުނެވެ. ފުންމައިގެން ތެދުވިގޮތަށް އައިސް ޒައުލްގެ ބުރަކަށީގައި އަތްޖައްސާލަމުން ޝަދަފުގެ ގާތަށް އޭނާ ގެންގޮސްދިނުމަށް އެދުނެވެ. ތަރަފްގެ ފަރާތުން ފެނުނު ބަފާވަންތަކަމުގެ ލޯތްބާއި ކުލުނުން ޒައުލްގެ ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބިގެންދިޔައެވެ. ތުންފަތަށް ވެރިވި ލުއިހިނިތުންވުމާއެކު ތަރަފްއާއެކު ޒައުލް ހިނގައިގަތެވެ. އެހިނދު ރަސަލް ވެސް ތެދުވެ އެމީހުންނާއިއެކު އޮފީހުން ނުކުންނަން ހިނގައިގަތެވެ.

“ތަރަފް، އަހަރެން މިދަނީ އަސްމާމެންނަށް އަންގަން، ތަރަފް ދޭ ހޮސްޕިޓަލަށް” އޮފީހުގެ މައިދޮރުން މަގުމައްޗަށް ނުކުންނަމުން ރަސަލް ބުންޏެވެ. ތަރަފް އަވަސް އަވަހަށް ބޯޖަހާލުމުން ޒައުލް، ތަރަފްއަށް އޭނާގެ ކާރު ދައްކާލިއެވެ.

އައި.ސީ.ޔޫގައި ބާއްވާފައި އޮތް ޝަދަފުގެ ހަށިގަނޑު ފެނުމާއިއެކު ތަރަފްގެ މޫނުމަތި ހުދުވެގެން ދިޔަކަހަލައެވެ. ދެލޯ ބޮޑުވުމާއިއެކު ބޮލުގައި އަތްހާކާލުމާއިއެކު އަނެއްފަރާތަށް އެނބުރެވުނީ ދަރިފުޅު އޮތްހާލު ބަލަން އެހިތަށް ކެތްނުވެގެންނެވެ. ޒައުލް މަޑުމަޑުން އައިސް ތަރަފްގެ ކޮނޑުގައި އަތްޖައްސާލިއެވެ. އެވަގުތު ތަރަފްގެ ދެލޮލުން ވެއްޓެންދިޔަ ކަރުނަތިކި ދެއިނގިލި ކުރިން ފޮހެލިތަން ޒައުލްއަށް ފެނުނެވެ.

“ކޮބާ ޑިފީގެ….” ހިތްވަރުކޮށްފައި ވާހަކަދެއްކި ތަރަފް އޭނާ ބުނިއެއްޗެއް ފުރިހަމައެއް ނުކުރިއެވެ. އެހެންނަމަވެސް އޭނާ އެ އެހީ ކޮންބައެއްގެ ވާހަކަކަން ޒައުލްއަށް ވަގުތުން އެނގުނެވެ. ޒައުލް އަވަހަސް އަވަހަށް ޢިޒްވާގެ ހާލު ބުނެދިނެވެ. އަދި މިވަގުތު ހޮސްޕިޓަލުގައި ތަރަފްގެ ކާފަ ދަރިފުޅު ވެސް އެބަހުރިކަމުގައި ޒައުލް ބުންޏެވެ. ތަރަފް އިރުކޮޅަކު އަނގައިން ނުބުނެ މަޑުކޮށްލައިގެން ހުރީ ފިކުރެއްގެތެރެއަށް ގެއްލިފައި ހުރި ފަދަ ގޮތަކަށެވެ. ތަރަފްގެ ޅީދަރިފުޅާ ކާފަދަރިފުޅު ދެކިލުމަށް އެދި ޒައުލްއަށް އޭނާއަށް މަޖުބޫރެއް ނުކުރެވޭނެއެވެ. އެހެންވެ ތަރަފް ވަކިއެއްޗެއް ބުނަންދެން އޭނާގެ ގާތުގައި މަޑުކޮށްލައިގެން ހުރީއެވެ.

“މިކޮޅަށްތަ ދާންވީ” ތަރަފް އައި.ސީ.ޔޫގެ ބޭރުގައި އެތައްއިރެއްވަންދެން ހުރެފައި ޒައުލްއަށް ބަލާލަމުން އަހާލިއެވެ. އެއާއެކު ޒައުލް ނިކަން އަވަހަށް ބޯޖަހާލާފައި އަތުން ކުރިއަށް އައުމަށް އިޝާރާތްކޮށްލިއެވެ. އަދި ތަރަފްއަށް މަގުދައްކާ ފަދަ ގޮތަކަށް ހިނގައިގަތީ އަވަސްފަރުވާދޭ ކޮޓަރިއާ ދިމާލަށެވެ.

“ތަރަފް…” ކުއްލިއަކަށް އަސްމަހާނުގެ އަޑުއިވިގެން ތަރަފް ފަހަތަށް އެނބުރި ބަލާލިއެވެ. އޭރު އަސްމަހާނާއި އީޝާގެ އިތުރުން ރަސަލްގެ ޢާއިލާ ވެސް ހޮސްޕިޓަލަށް އަތުވެއްޖެއެވެ. އަވަސްފަރުވާދޭ ބަޔަށްވަނުމަށް ހުޅުވާލި ދޮރު ތަރަފް ލައްޕާލާފައި އޭނާގެ ޢާއިލާއާ ކުރިމަތިލިއެވެ.

“ތެދެއްތަ، ކޮބާތަ އަހަރެންގެ ދަރިފުޅު، އަހަރެން ގެންގޮސްދީބަލަ ޑިފީ ގާތަށް” ހާސްވެކަންބޮޑުވެފައި ހުރި އަސްމަހާނު ދުވެފައި އައިސް ތަރަފްގެ ގާތުގައި ހުއްޓެމުން ބުންޏެވެ. އެވަގުތު އެތާކައިރީ ތިބި މީހުން ވެސް މިވަނީ ކިހިނެއްކަން ނޭނގި އަސްމަހާނަށް ބަލަހައްޓައިގެން ތިއްބެވެ.

“ކެތްތެރިވޭ އަސްމާ، މިވަގުތު ޑިފީ ދެކެން ދާނެކަމެއްނެތް” ތަރަފް މިހެން ބުނުމުން ވެސް އަސްމާ ދެކޮޅުހެދިއެވެ. އޭނާ ޒައުލްގެ އަތުގައި ހިފާ އާދޭސްކޮށްގަތެވެ. ޒައުލްއަށް ބަލާލެވުނީ ތަރަފްއާ ދިމާލަށެވެ. ތަރަފް ބޯޖަހާލާފައި އަސްމާ ގޮވައިގެން ހިނގައިގަތީ ޝަދަފުގެ ހާލު ދެއްކުމަށެވެ.

“މަގޭ ދަރިފުޅު، ޑިފީ، ދަރިފުޅާ….ތަރަފް، ވަގުތުން ފުރަންވީ، އެންމެ ހިނދުކޮޅެއް ވެސް ލަސްކުރާކަށް އަހަރެން ބޭނުމެއްނޫން، އަހަރެންގެ ދަރިފުޅު ސަލާމަތްކޮށްދީ، ހެޔޮނުވާނެ، އަވަސްކުރޭ، އެހެންނޫނީ އެކުއްޖާގެ ފުރާނަ ވެސް ހިނގައިދާނެ” އަސްމާ ރޯންފެށިއެވެ. ތަރަފް އޭނާ ގެނެސް މޭގައި ޖައްސާލަމުން ބޮލުގައި ފިރުމާލާފައި ހިތްވަރުކުރުމަށް ބުންޏެވެ. އަދި ވީ އެންމެ އަވަހަކަށް ޝަދަފު ގޮވައިގެން ފުރަން ހަމަޖައްސާފައިވާކަމުގެ ޚަބަރު ދިނެވެ. އެތަނުގައި ތިބި އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ މާޔޫސްކަމެވެ. ރީޝަމް ޝަދަފު ދެކިލާ ހިތުން ހުއްޓެއްކަމަކު ޑޮކްޓަރު ހުރިހާ މީހުން ވަނުމުގެ ހުއްދައެއް ނުދިނެވެ. އެހެންވެ އޭނާގެ ޢާއިލާއާއެކު އައި.ސީ.ޔޫގެ ދޮރުކައިރީ މަޑުކޮށްލައިގެން ހުރީ ފެންކަޅިވެފައި ހުރިފަދަ ގޮތަކަށެވެ.

އިރުއޮއްސެންވިއިރު ޝަދަފު ބޭރަށް ގެންދިއުމުގެ ކަންތައް ހަމަޖެހިއްޖެއެވެ. ޒައުލްގެ އެހީތެރިކަމާއި ތަރަފްގެ ރަޙުމަތްތެރިންގެ އެހީގައި އެކަން އުނދަގޫކަމަކަށް ނުވިއެވެ. ނަމަވެސް ފުރަންވީ ވަގުތު ޖެހުމުން މުޅި ޢާއިލާއެކުގައި ޝަދަފާއިއެކު ދިއުމަށް ނިންމުނުއިރު ބާކީވީ ޝަދަފުގެ އަންހެނުންނާ އޭނާގެ ދަރިފުޅެވެ. އެގޮތް ޒައުލްއަށް ކަމަކު ނުދިޔައެވެ. އޭނާ ބޭނުންވީ މިވަގުތު ޝަދަފުގެ ޢާއިލާގެ ފަރާތުން އެދެމައިން ޤަބޫލުކުރުމަށެވެ. ޝަދަފުގެ އަމާނާތަކަށްވީމައެވެ.

“އަސްމާއާންޓީ، އިޒޫމެން ގޮވައިގެން ދާން އަޅުގަނޑަށް ފެންނަނީ، އެމީހުންގެ ޓިކެޓު ވެސް އަޅުގަނޑު އޮންނާނީ ހަމަޖައްސާފައި، މިވަގުތު ޑިފީގެ ގާތުގައި އެމީހުން ތިބުން ވެސް ވަރަށް މުހިންމު” އެންމެން ފުރުމަށް ތައްޔާރުވާން އުޅެން ފެށުމުން ޒައުލް އޭނާގެ ޚިޔާލު ދުލުން ބޭރުކޮށްލިއެވެ.

“އަދިވެސް އެނުލާ ސުންޕާ ގޮވައިގެންތަ އަހަރުމެން ދާންވީ، ބުނަން ޒައުލް، އަހަރުމެންނަށް މިޚަބަރު ދިނީތީ ވަރަށް ބޮޑަށް ޝުކުރުވެރިވަން، އެހެންވީމަ މިވަގުތު ބޭނުމެއްނޫން ޒައުލްއާ ދެބަސްވާކަށް، ޒައުލްތީ ޝަދަފުގެ ވަރަށް ގާތް ރަޙުމަތްތެރިއެއް، އެކަމަށް އަހަރުމެން އިޙުތިރާމްކުރަން، އަދި ތިދެކުދިން ދުރުކުރުވާކަށް ވެސް ނޫޅެން، އެކަމަކު އެއަންހެނާ ގެންނަން ޒައުލް ބޭނުންވަންޏާ ބުނެލަން އޮތީ، ޒައުލް ވެސް އަހަރުމެންނާ ބައިވެރިނުވެ މަޑުކުރާށޭ، މިހުރިހާކަމެއް މިވީ އެއަންހެނާގެ ސަބަބުން، އޭނާއަކީ ސުންޕާ އަންހެނެކޭ އަހަރެން ނުބުނަންތަ، މިއަދު މިއޮތީ އެތަންފެނިފައި، ނިކަން ދެކިބަލަ އަހަރެންގެ ޝަދަފަށް ވެފައި އޮތްވަރު، ހިތަށްއަރާ އެނުލަފާ ސުންޕާގަނޑު މަރުނުވީ ކީއްވެބާއޭ، އަޅެ ކިހާ ރަނގަޅުވީސް އޭނާ މަރުވިނަމަ….” އަސްމާގެ ދުލުން އެންމެފަހުން ނުކުން ލަފުޒާއިއެކު ތަރަފް ނިކަން ބާރަށް ގޮވާލިއެވެ.

“އަސްމާ…. ދެންހެޔޮ، މިވަގުތު އެހެންމީހުންނަށް ބަދު ދުޢާތަކެއް ކުރުމުގެ ބަދަލުގައި އަހަރުމެންގެ ދަރިފުޅަށް ޝިފާދެއްވުން އެދި ދުޢާކުރަންވީ، އެކުއްޖާ އަވަހަށް ފަރުވާއެއްދެވޭތޯ ބަލަންވީ” ތަރަފް ނުރުހިފައި ބުނެލިއެވެ. ޒައުލް، އަސްމަހާނަށް ބަލަހައްޓައިގެން ހުރެފައި ތަރަފްގެ ގާތަށް ހިނގައިގަތަވެ.

“އަންކަލް، އަޅުގަނޑު ބޭނުން ޑިފީގެ ގާތުގައި ހުންނަން، އިތުރު މީހަކު އަޅުގަނޑާއެކު ބައިވެރިއެއްނުވާނެ، ފްލައިޓަށް އަރާނީ އަޅުގަނޑާއެކު” ޒައުލް އަވަސް އަވަހަށް ބުނެލިއެވެ. އެހިނދު ތަރަފް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. ޒައުލް އެތަނުން ދިއުމަށް ހިނގައިގަންނަމުން އަސްމަހާނަށް ބަލާލިއެވެ. އޭރު ވެސް އޭނާ ހުރީ ފުފިފައި ހުރި ކޮއްޔެއްހެން ދެލޯ އަޅާލައިގެން ތުންކޮޅުނެރިލައިގެން ޒައުލްއަށް ބަލާށެވެ. އެއްވެސް ފަރުވާލެއްނެތި ޒައުލް ދިޔައީ ޢިޒްވާގެ ގާތަށް ދިއުމަށެވެ.

ފުރަންއުޅޭކަމުގެ ޚަބަރު ޒައުލް ދިނުމުން ޢިޒްވާއަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އެކަން އެމޫނުމަތިން ފިލައިގެން ދިޔައީ ޒައުލް، އޭނާ ނުލާ ޝަދަފު ގޮވައިގެން ފުރަންއުޅޭ ވާހަކަ ބުނީމައެވެ. ޝަދަފުގެ ޢާއިލާ އައިސްއުޅޭކަން ޢިޒްވާއަށް، ޒައުލް ސިއްރުކުރިއެވެ. މަސްލަހަތައްޓަކައެވެ. ކުޑަހިނދުކޮޅަކަށް ވެސް އުންމީދުކަނޑާލާކަށް ޒައުލް ބޭނުމެއްނުވެއެވެ. އޭނާގެ ސިކުނޑީގައި އޮތް ރޭވުން ކިތަންމެހާ ވެސް މޮޅެވެ. ޝަދަފަށް އޭނާގެ ޢާއިލާ ހޯދާ ދިނުމާއިއެކު ސަލާމަތުން އެނބުރ އަނބިމީހާ އާއި ދަރިފުޅުގެ ގާތަށް ވެސް އާދެވުމަކީ ޒައުލް ބޭނުންވާ ގޮތެވެ. އެހުރިހާ ކަމަކަށް މަގުފަހިކުރުވާ މެދުވެރިޔަކީ ޒައުލްކަމުގައި ވާން އޭނާ ބޭނުންވެއެވެ. އެހެންވެ ޢިޒްވާއަށް ކަންކަން ސިއްރުކުރީ ފަހުން ރަނގަޅުވާނޭކަމަށް ވިސްނާފައެވެ.

“ޕްލީޒް، ޒައުލް، އަހަންނަށް ގުޅައްޗޭ، އެކޮޅަށް ދެވުމާއެކު އަހަންނަށް ގުޅަންވާނެ، ޝަދަފުގެ ހުރިހާ ޚަބަރެއް އަހަންނަށް އަންގަންވާނެ، އެހެންނޫނީ އަހަރެން ފުރައިގެން ޒައުލްމެން ތިބި ހިސާބަކަށް ދާނަން، އަހަރެންގެ ފަޔާތަންތަން ރަނގަޅުވާއިރު ޝަދަފު މާލެ ނުގެނެވިއްޖެއްޔާ އަހަންނާ މިރާން އެކޮޅަށް ބަދަލުވާނީ، ޒައުލް، އަހަރުމެން ދެމައިންނަށް ޝަދަފު ގެއްލުނަ ނުދެއްޗޭ” ޢިޒްވާ ކަންބޮޑުވެފައި އިނދެ ބުންޏެވެ. އަދި ޒައުލް އިސްޖަހާލުމާއިއެކު އޭނާގެ އަތުގައި ޢިޒްވާ ހިފިއެވެ.

“އިޒޫ ހާސްނުވެބަލަ، އަހަންނަށް އިތުބާރުކުރޭ، އަހަރެން ހުންނާނީ ޑިފީގެ އެންމެ ގާތުގައި، ހުރިހާ ކަމެއް އިޒޫއަށް އަންގާނަން، ބޮޑުކަމެއްވަންޏާ ޝަދަފުގެ ގާތަށް އިޒޫ އާއި މިރާން ގެންދާނަން، އައި ޕްރޮމިސް” ޒައުލްއަށް އޭނާގެ ވަޢުދު ދެމެހެއްޓޭނޭކަމުގެ ޔަޤީންކަމެއް ނެތްކަމުގައި ވިޔަސް ޢިޒްވާގެ ހިތްހަމަޖެހުމައްޓަކައި ބުނެލިއެވެ. އެކަމާ ދެރަވިޔަސް މިވަގުތު އެނޫން ގޮތެއް ނެތެވެ.

ޝަދަފުގެ ޢާއިލާ މީހުންނާއެކު ޒައުލް ފުރައިގެން ދިޔައިރު ޢިޒްވާގެ އެންމެ ގާތުގައި އޭނާއަށް އެހީތެރިވަމުން ދިޔައީ ސަމަރް އެވެ. ދެދުވަހު ހޮސްޕިޓަލުގައި ބޭއްވުމަށްފަހު ޑޮކްޓަރުގެ ލަފަޔާއެކު ޢިޒްވާ ގެއަށް ބަދަލުކުރެވުނެވެ. ގައިގެ ރިހުން މަޑުވި ނަމަވެސް ހިނގާއުޅެން ފަސޭހައެއްނުވިއެވެ. ދުވަހަކު ވެސް ސަމަރު ފަދަ ރަޙުމަތްތެރިއަކު ޢިޒްވާއަށް ނުލިބޭނެކަން އޭނާއަށް އެނގެއެވެ. އެހީތެރިކަމެއް ބޭނުންވެގެން ބުނެލާ ކޮންމެ ވަގުތެއްގައި އޭނާ ހުންނަނީ ތައްޔާރަށެވެ. އެއްވެސް ޝަކުވާއެއް ކުރުމެއްނެތިއެވެ. ދުވަހަކު ވެސް ބަހަނާއެއް ނުދައްކައެވެ. މިއަދު ޢިޒްވާއަށް ބޭނުންވަނީ ވެސް އެފަދަ ރަޙުމަތްތެރިއެކެވެ. އޭނާއަށް ހިތްވަރުލާދީ ކެތްތެރިވުމަށް ނަސޭހަތްދޭނޭ ފަދަ ރަޙުމަތްތެރިއެކެވެ.

“މިއަދު ހާދަ ލަސްވެއްޖެޔޭ، އެހެންޏާ މިހާއިރު ޒައުލް ގުޅާނެ، އަނެއްކާ ކަމެއް ގޯސްވީބާ” ހަވީރުގެ ސައިބުއިމަށް ކާމޭޒު ދޮށުގައި އިން ޢިޒްވާ އޭނާގެ ކުރިމަތީގައި އިން ސަމަރަށް ބުނެލިއެވެ.

“ވެދާނެ ހޮސްޕިޓަލުގައި މާބުރަކޮށް އުޅެންޖެހުނީމަ އަދި ނުގުޅިގެން އުޅެނީކަމަށް، ހާސްނުވެބަލަ، ޒައުލްއަށް ވަގުތެއްވީމަ އޭނަ ގުޅާނެ” ސަމަރު ބުންޏެވެ. އެއާއެކު ޢިޒްވާ ބޯޖަހާލަމުން ޖެހިގެން އިން ގޮނޑީގައި ހަނޑުލުގުޅައެއް ހަފާލެވޭތޯ މަސައްކަތްކުރަމުން ދިޔަ މިރާންއަށް ބަލާލިއެވެ. އެދަރިފުޅު ފެނިލުމުން ވެސް ޢިޒްވާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެން ދެއެވެ.

* * * *

“މިހެން ތިބެންވީތަ، ކުރެވޭނެކަމެއް ހަމަނެތީތަ” އަސްމަހާނުގެ ދެލޮލަށް ޖަމާވި ކަރުނައާއެކު ތަރަފްއަށް ބަލާލަމުން ބުންޏެވެ.

“ހޭއަރާނެއިރެއް ޑޮކްޓަރުންނަށް ވެސް އެނގިނުލައްވަންޏާ މިހެންތިބުންނޫން ކޮންގޮތެއް އަހަރުމެންނަށް އޮތީ، ޑޮކްޓަރު އެވިދާޅުވީ ހޭއެރީމަ ނޫނީ ނޭނގެނެޔޭ ލިބުނީ ކިހާވަރެއްގެ ގެއްލުމެއްކަން ސީދާ ބުނަން” ތަރަފް ކަންބޮޑުވެފައި ހުރެ ބުންޏެވެ.

ހޮސްޕިޓަލުގައި ޝަދަފުގެ ޢާއިލާ މީހުން ފޯރިމަރަމުން ދިޔައީ އޭނާ ލޯހުޅުވާލާނޭ އިރެއްގެ އިންތިޒާރުގައެވެ. ހޮސްޕިޓަލުގެ ހުރިހާ ހިދުމަތެއްވެސް އެހާމެ ފުރިހަމައެވެ. ޑޮކްޓަރުންނާ ނަރުހުންގެ ހިތްހެޔޮކަމާ ހިދުމަތުގެ އަވަސްކަމާމެދު ތަރަފް ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. ނަމަވެސް ދަރިފުޅުގެ ހާލަށް ބަދަލެއް ނާންނާތީ އޭނާއަށް ލިބެންވީ ފުރިހަމަ ހިތްހަމަޖެހުމެއް ނުލިބެއެވެ. އެމީހުންނާ ތަންކޮޅެއް ދުރުގައި އެއްފަރާތުގައި ހުއްޓިލައިގެން ހުރި ޒައުލް ދުރަށް ހިނގައިގަންނަމުން ލައިގެން ހުރި ޖިންސުގައި އޮތް ފޯނު ނެގިއެވެ.

“ހެލޯ، ޒައުލް…. ކޮންއިރެއް ގުޅާތޯ ހުންނަތާ، ކަމެއް ގޯސްވީތަ” ގިނައިރެއްނުވެ ޒައުލްގެ ފޯނުން ޢިޒްވާގެ އަޑު އައީ އާދައިގެ މަތިން ކަންބޮޑުވެފައިވާ ފަދައިންނެވެ.

“އަދިވެސް ހޭނާރާ، އިތުރު މައްސަލައެއް ހުރިކަމަކަށް ޑޮކްޓަރުންނަށް ފާހަގައެއް ނުކުރެވޭ، އެއްޗެއް ބުނަން އެނގޭނީ ޑިފީ ހޭއެރީމައި، ތަންކޮޅެއް ލަސްވީ ޑޮކްޓަރުންގެ ނިންމުން ނޭނގޭތީ، ކޮބާ މިރާން، ރަނގަޅުތަ ހުރިހާ ކަމެއް” ޒައުލް އަހާލިއެވެ.

“ހޫމް! ރަނގަޅު ހުރިހާކަމެއް، މިރާން ވަރަށް ބަސްއަހާ، ޤަބޫލުކޮށްފި ޝަދަފު ރަނގަޅުވެގެން އަންނާނެއޭ ބުނީމަ، އެކަމަކު އަދިވެސް އެހެންއުޅެލާފައި އަހާލާނެ ކީއްވެތޯ ކޮއްކޮއަށް ބައްފަ ގާތަށް ނުދެވެންވީ، އަހަރެން ބުނެފިން، އަހަންނަށް ރަނގަޅަށް ހިނގެންފެށީމައި ޝަދަފުގެ ގާތަށް އަހަރުމެން ދާނެ ވާހަކަ” ޢިޒްވާ ބުންޏެވެ.

“އިތުރު ބަދަލެއް އަތުވެއްޖެ ނަމަ އަހަރެން ގުޅާނަން، ދެން އިހަށް ބާއްވާލަނީ” ޒައުލްއަށް މާގިނަ ވާހަކަދައްކާކަށް ފަސޭހަކަމަކަށް ނުވިއެވެ. ޝަދަފުގެ ގާތުގައި ޢިޒްވާ ހުންނަން ބޭނުންވާވަރު ޚުދު ޒައުލްއަށް އެނގޭތީއެވެ.

* * * *

މަސްދުވަހުގެ ޗުއްޓީގައި ހުރެފައި ނަވާލު އޮފީހަށް ނުކުތް ދުވަހަކު އޭނާއަށް ލިބުނީ ވަރަށް ހައިރާންކުރުވަނިވި ޚަބަރެކެވެ. އޮފީސް ހިންގުމާ އޭރު ވަގުތީ ގޮތުން ހަވާލުވެ ހުރީ އޭނާގެ ބޭބެ ނީލްއެވެ. އަނބިމީހާ އާއި ދަރިންނަށް ވަގުތު ދޭން ބޭނުންވާ ނަވާލުގެ ޗުއްޓީއަށް ހުރަހެއްއެޅުނަ ނުދޭންވެގެން އެއްވެސް ކަމެއް ނީލް ނޭންގީއެވެ. ނަވާލު ފުރީއްސުރެން ޝަދަފު އޮފީހަށް ނުނިކުންނަކަން ނީލްއަށް އެނގުނީ އޮފީހުގެ އެޗް.އާރގެ އެންމެ އިސްވެރިޔާގެ ފަރާތުންނެވެ. އަދި ޝަދަފުގެ ފޯނަށް ވެސް އޭނާގެ އަންހެނުންގެ ފޯނަށް ވެސް ނުގުޅޭކަން އޭނާ ބުނުމުން އޮފީހުގެ ކަންތައްތަކާ ނީލް ހަވާލުވީ ކަމުގައި އޭނާ ބުންޏެވެ.

“ޑިފީއަކީ ފަރުވާކުޑަ މީހެއްނޫން، އޭނާ އަހަންނަށްވުރެ ބޮޑަށް މިއޮފީހުގެ ކަންތައްތަކަށް ސަމާލުކަން ދޭނެ، އަހަންނަށް ހީވަނީ ވަރަށް ބޮޑުކަމެއް ވެއްޖެހެން، އެންމެ ފުރަތަމަ ޑިފީ ވީތަނެއް ހޯދަންވީ” ހައިރާންވެފައި އިން ނަވާލު އޭނާގެ ބޭބެ ނީލްއަށް ބުންޏެވެ.

ދަރިފުޅު ފެންވަރުވާލައިގެން ނުކުމެ ރީތިކުރަން ހުރި ޢިޒްވާއަށް އެޕާޓްމެންޓުގެ ބެލްޖެހި އަޑުއިވުނެވެ. ކުރަން ހުރި ކަންތައް ހުއްޓުމަކަށް ގެނައުމާއިއެކު މިރާން ގާތު ރީތިކޮށް ބަސްއަހައިގެން ކޮޓަރީގައި ހުރުމަށް ބުނަމުން ޢިޒްވާ އައިސް އެޕާޓްމެންޓުގެ ދޮރު ހުޅުވާލިއެވެ.

“ނަވާލު، ކޮންއިރަކު އައީ” ދޮރުމަތީ ހުރި ނަވާލު ފެނިފައި ޢިޒްވާއަށް ބުނެވުނެވެ.

“ކޮބާ ޑިފީ” ނަވާލު ވަގުތުން އެތެރެއަށް ވަންނަމުން އަހާލިއެވެ. އެއާއެކު ޢިޒްވާ އިރުޝާދު ދިނީ ސޯފާގައި އިހަށް އިށީނުމަށެވެ. އަދި މަޑުމަޑުން ޝަދަފުގެ ވާހަކަ އޭނާ ކިޔައިދިނެވެ. ކަންބޮޑުވެ ހާސްވިވަރުން ނަވާލަށް އިށީނދެގެން ނީނދެވުނެވެ. ފުރަތަމަ ވެސް ޝަކުވާ ކުރީ އޭނާއަށް ނުގުޅުނީމާ އޭނާގެ ޢާއިލާ މީހުން ގާތަށް ޢިޒްވާ ނުދިޔަ ސަބަބާމެދުއެވެ.

“އިޒޫ ކީއްވެ ނުދިޔައީ؟” ނަވާލު ސުވާލުކުރިއެވެ.

“ޒައުލް ހުރީ ޝަދަފުގެ ގާތުގައި، އޭނާއަށް އުނދަގޫވާނެ އެންނު އަހަންނާ މިރާން ގޮވައިގެން އުޅެންވީމަ، އެހެންވެ އަހަރެން ބުނީ، މިކޮޅުގައި އަހަރެންގެ ފަޔާތަންތަން ރަނގަޅުވަންދެން މަޑުކޮށްލާނީއޭ، ޒައުލް ގުޅާ ކޮންމެ ދުވަހަކު ހެން، އެކަމަކު އަދިވެސް ބަދަލެއް ނާދޭ، ޝަދަފު ހޭނާރާތީ މައްސަލައަކީ، ކޯމާއަކަށް ދިޔަކަމަށް ޑޮކްޓަރުން ޤަބޫލުކުރަނީ” ޢިޒްވާ ދެރަވެފައި ބުންޏެވެ.

“އަހަރެން ޒައުލްއަށް ގުޅާނަން، އޭނާ ހުރި ހިސާބެއް ބަލާނަން، އެއްވެސް ކަމަކަށް އިޒޫ ބޭނުންވެ ބުނަންނުކެރިފައި ނުހުންނައްޗޭ، މިވިޔަފާރިއަކީ އަހަންނާ ޑިފީއާ ހަމަހަމައަށް ހިއްޞާވެގެން ކުރާ ވިޔަފާރިއެއް، އެހެންވީމާ އޭގެ ހައްޤުވެރިންނަކީ ހަމަ ތި ދެމައިން، އަހަރެން ޝަދަފުގެ ކާރު ދުއްވުމަށް ޑްރައިވަރެއް ފޮނުވާނަން، މީގެ ފަހުން އިޒޫ ކޮންމެ ތަނަކަށް ވެސް ދާންވާނީ ކާރުގައި، އެއްގޮތަކަށް ވެސް ހިނގާފައި އުޅެގެން ނުވާނެ، މިރޭ ނޫނީ މާދަމާ އަހަރެން ޑިފީގެ ގާތަށް ދިއުމަށް ފުރާނަން، އަދި އެނބުރި އައިސް ތި ދެމައިން ގޮވައިގެން ދެން ދާނީ، އެހެންވީމަ މިވަގުތު އިހަށް ގޮސްލަނީ، އޮފީހުގެ ކަންތައްތައް ހަމަޖައްސާލާފައި ނޫނީ ފުރޭކަށްނެތް” ނަވާލު ކޮޅަށް ހުރެ ބުންޏެވެ. އަދި އެނބުރި ވަންދޮރުން ނުކުނަން ހިނގައިގަތެވެ.

އޮފީހަށް އައިސް ވަދެވުމާއެކު ނަވާލު އަވަސް އަވަހަށް އޭނާގެ މޭޒުމަތީ އޮތް ޑައިރީ ހުޅުވާލިއެވެ. އަދި ޒައުލްއަށް ގުޅޭނޭ ނަންބަރުތައް ހޯދާލުމަށްފަހު އޭނާ ރާއްޖޭން ބޭރުގައި ހުންނައިރު ގެންގުޅޭ ނަންބަރަށް ގުޅާލިއެވެ. ދެފަހަރު ރިންގުވެފައި ކޯލަށް ޖަވާބުދިނީ ވެސް ޒައުލްއެވެ. ނަވާލު ހަލުވިކަމާއެކު ޝަދަފުގެ ވާހަކަ ދައްކަންފެށިއެވެ. ޒައުލްއަށްވީ ކިހިނެއްކަމެއް ނޭނގުނެވެ. އޭނާ އަޅައަޅައިގަނެފައި ވާހަކަދައްކަން ފެށިއެވެ. އަދި ނަވާލު އެވަގުތު އެތަނަށް އައުން އެހާ މުހިއްމު ނޫންކަމުގައި ޒައުލް ބުނުމުން އިތުރަށް ނަވާލު ހައިރާންވިއެވެ. ނަވާލަށް އަބަދުވެސް މުހިއްމީ ޝަދަފު ބޭނުންވާގޮތެވެ. އޭނާގެ ސިކުނޑިން ވިސްނާނޭ ގޮތަށް ކަންތައްކުރުމެވެ. އެއީ ޢިޒްވާ އާއި މިރާންއަށް މިވަގުތު އެންމެ ރަނގަޅުވާނޭ ގޮތް ވެސް މެއެވެ. ޝަދަފުގެ ޢާއިލާއަކީ ހަމައެކަނި އެދެމައިން ކަމުގައި ނަވާލު ޤަބޫލުކުރެއެވެ.

“ޒައުލް، އަހަންނަކީ ޑިފީގެ ބިޒްނަސް ޕާޓްނާރވެސްމެ، އަހަންނަށް އެނގެންޖެހޭ އޭނާގެ ހާލު، ތިހުރިތަނެއް ބެލޭނެ އިތުރު ގޮތްތައް ވެސް އަހަންނަށް އެބައޮތް، އެކަމަކު ކަމެއް ވެގެންދޯ ޒައުލް ގާތު މިއަހަނީ، ކީއްވެތަ ނުބުނެވިގެން ތިއުޅެނީ” ނަވާލުގެ އަޑުގައި ހުރި ހިތްހަމަނުޖެހުން ޒައުލްއަށް ފާހަގަވީކަންނޭނގެއެވެ. އަނެއްކޮޅުން ނަވާލަށް އޮޅުވާލަން ފަސޭހަނުވާނެކަން ޒައުލްއަށް ވިސްނުނީ ތޯއްޗެކެވެ. އޭނާ އިރުކޮޅަކު ހިމޭނުން ހުރުމަށްފަހު ޝަދަފު ބާއްވާފައި އޮތް ހޮސްޕިޓަލުގެ ނަމާ، ޝަދަފު އޮތް ކޮޓަރިއާއެކު ކިޔައިދިނެވެ. އިތުރު ވާހަކައެއް ދެއްކުމަށް މަޑުކޮށްނުލާ ވަގުތުން ނަވާލު ފޯނު ކަނޑާލިއެވެ. ނަމަވެސް އިރުކޮޅަކު އޭނާގެ ފޯނަށް ބަލަހައްޓައިގެން ކަމަކާ ވިސްނަން އިންފަދަ ގޮތަކަށް އިނެވެ. އެވަގުތު އޮފީހުގެ މުވައްޒަފެއްކަމުގައިވާ ނިޒާމު އޭނާގެ ކެބިންނަށް ވަނެވެ. އަތުގައި އޮތް ފައިލު އޭނާ ނަވާލަށް ދިއްކޮށްލުމުން ޚިޔާލުތަކާ ދުރުވެ އޮފީހުގެ މަސްޢޫލިއްޔަތަށް ސިކުނޑިން ބައެއް ހުސްކޮށްލީ މުޖުބޫރީ ގޮތަކަށެވެ.

އޮފީހުގެ ކަންތައްތައް ކުރިއަށް ގެންދިއުމުގައި ވަގުތީ ގޮތުން މީހަކާ ހަވާލުކުރުމަށް ފަހު، އޮފީހުގެ ޑިޕާޓްމެންޓުތަކުގެ އިސް ވެރިންނަށް އިރުޝާދު ދީފައި ނަވާލު ފުރީ ސިންގަޕޫރަށެވެ. އޭނާ ޝަދަފުގެ ގާތަށް ދިޔައީ ޒައުލްއަށް އަންގާލުމެއް ނެތިއެވެ. ބޭނުމަކަށްވީ ޒައުލް ކަމެއް އޭނާއަށް ސިއްރުކުރާހެން ހީވާތީއެވެ. ކުރިން އޭނާ ހޮސްޕިޓަލަށް އަންނަކަން އެނގިއްޖެއްޔާ ފަހަރެއްގައި އޭނާގެ ލޮލަށް ފެންނަންޖެހޭ ކަމެއް ނުފެނި ހިނގައިދާނެއޭ ނަވާލުގެ ޟަމީރު ބުނަމުންދާތީއެވެ. ހަލުވިކޮށް ހިނގާލާފައި އައިސް ކޮޓަރި ބަރިން ހަތަރުވަނައަށް ހުރި ކޮޓަރިއަށް ޝަދަފު ވަނެވެ. މަތީ ފެންވަރުގެ މީހުންނަށް ނޫނީ ހޮސްޕިޓަލުގެ އެފަންގިފިލާއިން ކޮޓަރި ލިބުމަކީ އުނދަގޫކަމެއްކަން ނަވާލަށް އެނގެއެވެ. އެކަމުން އޭނާއަށް އެނގުނީ ޒައުލް، ޝަދަފާމެދު ދެކޭލެއް ގާތްކަމެވެ. ޚުދު އޭނާ ނަމަވެސް ޝަދަފު ބާއްވާނީ އެންމެ މަތީ މީހުންނަށް ޚިދުމަތްދޭ ބައިގައެވެ. ވީއެންމެ ފުރިހަމައަކަށް ހުރިހާ ކަމެއް ކޮށްދޭނެއެވެ. ސިކުނޑީގައި ޒައުލްއާމެދު އުފެދެމުން އައި ސުވާލުތަކަށް ޖަވާބުދޭން ނަވާލު ބޭނުންނުވަނީ، ޒައުލްއާ މެދު ހިތުގައި ކިލަނބުކަމެއް އުފެދުނަ ނުދޭށެވެ. ކޮންމެ ގޮތެއްވިޔަސް ނަވާލަށްވުރެ ކުރިން ޝަދަފާ، ޒައުލްއަކީ ދެ ރަޙުމަތްތެރިންނެވެ. އެދެމެދުގައި ނަވާލުގެ ސަބަބުން ކުންޏެއް ޖެހެން ބޭނުންނުވަނީއެވެ.

ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަން ނަވާލަށް ސިހިފައި ކުއްލިއަކަށް ހުއްޓުން އެރިއެވެ. ދެލޯ ބޮޑުކޮށްލާފައި އެތަނުގައި ތިބި އެންމެނަށް ބަލާލެވުނެވެ. އޭރު އެމީހުންގެ ނަޒަރު ވެސް ހުރީ ދޮރުވަދެގެން އައި ނަވާލަށް ހުއްޓިފައެވެ. ޝަދަފުގެ ޢާއިލާގެ މެންބަރުން އެނދުގެ ވަށާލައިގެން ކަހަލަ ގޮތަކަށް ތިބިއިރު އެއްފަރާތެއްގައު ހަޝަމްބަދެލައިގެން ހުރި ޒައުލް ނަވާލުގެ ލޮލުގައި އަޅައިގަތެވެ. ދެޒުވާނުންގެ ނަޒަރު ބައްދަލުވިވަގުތު ޒައުލްގެ މޫނުމަތިން ފާޅުވެގެން ދިޔައީ އިންތިހާ ދަރައިގެ ހާސްކަމެވެ. އެއްޗެއް ބުނަން ބޭނުންވެފައި ހުއްޓެއްކަމަކު އޭނާއަށް އެފުރުޞަތު ދިނުމުގެ ބަދަލުގައި ނަވާލު ބަލާލީ ޝަދަފު އޮތް އެނދަށެވެ. އޭނާ އެނދުގައި އިށީނދެލައިގެން އާގަމައަރާފައި އިން މީހަކު ފަދައިން އިނެވެ. ހައިރާންވެފައި ތިބެ އެންމެންހެން ނަވާލަށް ބަލަމުންދިޔައިރު ޝަދަފު ވެސް އިނީ އެފަދައިން ބަލާށެވެ. ބީރައްޓެހި މީހަކަށް ބަލާފަދައިންނެވެ.

“ޑިފީ…” ނަވާލު އިސްވެ ކުރިއަށް ޖެހިލަމުން ގޮވާލިއެވެ. އެވަގުތު ކުއްލިއަކަށް އޭނާ އާއި ޝަދަފާ ދެމެދަށް ހުރަހެއްގެ ގޮތުގައި ރަސަލް އައިސް ހުއްޓުނެވެ.

“ނަވާ، އަހަންނާއެކު އާދެބަލަ” ކުއްލިއަކަށް ޒައުލް ބުނި އަޑުއިވުނެވެ. އެއާއެކު ނަވާލު ރުޅިވެރިކަމުން ފުރިގެންވި ގޮތަކަށް ޒައުލްއަށް ބަލާލިއެވެ.

“ޑިފީ، އަހަންނާއެކު ހިނގާ، މީކޮންބައެއްކަން ހަނދާންނެތުނީތަ” ހިތްހަމަނުޖެހިފައި ހުރި ނަވާލު އަޑުހަރުކޮށް ބުނެލިއެވެ.

“މިތާ މިތިބީ ޑިފީގެ ޢާއިލާ މީހުން، ތީ ކާކު؟ ކީއްކުރަން މިތަނަށް އައީ، މިތާ ގާޑުންނަށް ނުގޮވަނީސް ރަނގަޅުވާނީ މިތަނުން ނުކުތިއްޔާ” ޒަބާ ރުންކުރު ގޮތަކަށް ނަވާލަށް ބުންޏެވެ.

“ޕްލީޒް ނަވާ، ކަމް ވިތް މީ… ޕްލީޒް” ޒައުލް އާދޭހުގެ ރާގެއްގައި އައިސް ނަވާލުގެ ކޮނޑުގައި އަތްލުމާއެކު ވަގުތުން ޒައުލްގެ އަތް ފޮޅުވާލިއެވެ. އަދި ރުޅިއައިސް ހުރެ ޒައުލްއަށް ބަލާލަމުން ނަވާލު އެކޮޓަރުން ނުކުތެވެ.

“ނަވާ، އަހަރެން ނުބުނާކަށް ނޫން ހުރީ” ނަވާލުގެ ފަހަތުން އައި ޒައުލް ކަންބޮޑުވެފައި ބުންޏެވެ.

“ދެން ކޮންއިރަކުން ބުނަން، އިޒޫ މާލޭގައި އެހުންނަނީ ޒައުލްއަށް އިތުބާރުކޮށްފައި، ތުއްތު މިރާން އެހުންނަނީ ބައްޕަ ގާތަށް ނާދެވިގެން ކެތްމަދުވެފައި، މީ ޑިފީ ބޭނުންވި ގޮތްތައް، ނޫނީ ކަލޭމެން ހުރިހާ އެންމެން ވެގެން ނުބައި ރޭވުމެއް ރާވަނީތަ، ހީނުކުރާތި ތިކަން ކާމިޔާބުވެދާނެއޭ” ނަވާލުގެ އަޑުގަދަވިއެވެ. އެހިނދު ޒައުލް އައިސް ނަވާލުގެ ކޮނޑުގައި އަތްޖައްސާލަން އުޅުނެވެ. ނަމަވެސް މިފަހަރު ވެސް ނަވާލު، ޒައުލްގެ އަތް ދުރަށް ފޮޅުވާލުމާއެކު ފަހަތަށް ޖެހިލިއެވެ.

“އަހަރެން ބުނަން އުޅޭ އެއްޗެއް ނަވާ ވެސް އަޑުއެހިއްޔާ ކަންނޭނގެ މިވަގުތު އެންމެ ރަނގަޅުވާނީ، ނަވާ ކިތަންމެ ރުޅިއަޔަސް މިވަގުތު ޑިފީގެ ޢާއިލާއާ މީހުންނާ ދުރަކަށް އޭނާ ނުގެންދެވޭނެ” ޒައުލް ވެސް ހިތްހަމަނުޖެހިފައި ތަންކޮޅެއް ބާރަށް ބުނެލިއެވެ.

“ކީއްވެ ނުގެންދެވެންވީ، މީގެ ކުރިން ވެސް އެމީހުން ޑިފީ ބާކީކޮށްލިޔަސް އޭނާއަށް ކަމެއް ނުވެފައެއް ނެތެންނު، ދެން ވެސް ޑިފީ ބޭނުން ކޮންމެ ކަމެއް އަހަރެން ކޮށްދޭނަން، އަހަރެން އެނބުރި ދާނީ ޑިފީ ގޮވައިގެން، އޭނާ ނުޖެހޭނެ އެމީހުން ބުނާހާ ގޮތަކަށް ކަންތައްކުރާކަށް، އެހެންނޫނަސް އަހަންނަށް އެނގޭ ޑިފީ އެމީހުން ބުނާހާގޮތެއް ނުހަދާނެކަން” ނަވާލުގެ އަޑުގައި އަދިވެސް ހުރީ ހިތްހަމަނުޖެހުމުގެ ރާގެވެ.

“ޑިފީއިން ހާލު ނަވާއަށް އެނގޭނަމަ ތިހެނެއް ނުބުނާނެ، އަހަރުމެންނަށް ކޮށްދެވޭނޭ އެއްވެސް ކަމެއް މިއަދަކު ނެތް” މިހެންބުނެ ޒައުލް އިސްޖަހާލިއެވެ. ހިތްހަމަނުޖެހިފައި ހުރި ނާވާލުގެ މޫނުމައްޗަށް ހައިރާންކަން ވެރިވެގެން ދިއުމާއެކު މަޑުމަޑުން ޒައުލްއާ ގާތަށް ފިޔަވަޅެއް އަޅާލިއެވެ.

“އިޒް ހީ އޯލްރައިޓް؟” ނަވާލު މަޑުމައިތިރިކަމާއެކު އަހާލިއެވެ.

“ނޫން! ޑިފީ ޤަބޫލުކުރާ ގޮތުގައި އޭނާގެ ކިޔެވުން އަދި ނުނިމޭ، ކުއްލިއަކަށް ހޮސްޕިޓަލަށް ގެންނަން ޖެހުނު ސަބަބަކާ، އޭނާ ޢާއިލާ މީހުން އޭނާގެ ގާތަށް އަންނަން ޖެހުނު ސަބަބެއް އޭނާއަކަށް ނޭނގޭ…” ޒައުލްގެ ވާހަކަތައް މެދުކަނޑާލީ ނަވާލު ވާހަކަދައްކަން ފެށުމުންނެވެ.

“ތިބުނަން އުޅެނީ މިހާރުގެ އެއްވެސް ކަމެއްގެ މަތިން ޑިފީ ހަނދާންނެތީއޭތަ” ނަވާލު ކަންބޮޑުވެފައި އަވަސް އަވަހަށް އަހާލިއެވެ.

“އިޒޫ އާއި މިރާންގެ އިތުރުން ނަވާލަކީ އޭނާގެ ދިރިއުޅުމަށް އައިސްފައިވާ ބައެއްނޫން، ޑިފީ ހަނދާންހުރީ އޭނާ ކިޔަވަން އުޅުނު ދުވަސްވަރުގެ ކަންތައްތައް، އޭނާގެ ޢާއިލާއާ އޭރުގެ ގާތް ރަޙުމަތްތެރިންގެ މަތިން ހަނދާން އެބަހުރި” ޒައުލް މިހެން ބުނިއިރު އޭނާ ހަޤީޤަތުގައި ވެސް އެހުރީ ވަރަށް ދެރަވެފައިކަން އޭނާގެ މޫނުމަތިން ނަވާލަށް ދޭހަވިއެވެ.

“ސުބްހާނަﷲ، ދެން ކިހިނެއް ހަދާނީ، ދިސް އިސް ރިއަލީ ބޭޑް، ބޭޑް އެއްވެސް ނޫން، ދި އިސް ދަ ވޯސްޓު ދިންގް ހެޕެން” ނަވާލު ދެލޯ ބޮޑުކޮށްލަމުން ޒައުލްއަށް ބުނެލިއެވެ. އަދި ހާސްވިވަރުން ތުނިތުނިކޮށް ކޮށާފައި ހުރި ތުނބުޅީގައި އަތްހާކާލާފައި މުއްކަވާލި އަތުން ކައިރީގައި ހުރި ފާރުގައި ޖަހާލިއެވެ.

“އަންކަލްމެން ބޭނުންވަނީ މިކޮޅުގައި އަދި ހަފްތާއެއްވަރު މަޑުކުރަން، އޭގެ ފަހުގައި ޑިފީ ގޮވައިގެން އޮސްޓްރޭލިއާއަށް ބަދަލުވާން، އެމީހުން އެއްގޮތަކަށް ވެސް ނުބުނޭ އިޒޫ އާއި މިރާންގެ ވާހަކައެއް، އެކަމަކު އަހަންނަށް އެނގޭ އަސްމާ އާންޓީ އާއި ޒަބާ އާންޓީ ކޮންމެވެސް ކަމެއް ރާވާކަން، އަހަރެން ހުންނަ ތަންތަނުގައި އެމީހުން އެއްގޮތަކަށް ވެސް ޑިފީގެ ލައިފާ ބެހޭގޮތުން އެއްވެސް ވާހަކައެއް ނުދައްކާ” ޒައުލް ބުންޏެވެ.

“އަހަރުމެންނަށް ޑިފީގެ ހަނދާންތައް އިޔާދަކުރަން މަސައްކަތް ކުރެވިދާނެ އެންނު، ނޫނީ އިޒޫ އާއި މިރާން ފެނުމުން ފަހަރެއްގައި ޑިފީގެ ހަނދާންތައް އެނބުރި އަތުވެދާނެ” ނަވާލު ހުރީ އެހާ ފަސޭހައިން ޒައުލް ބުނަން އުޅޭ އެއްޗެއް ޤަބޫލުކުރާ ފަދަ ގޮތަކަށް ނޫނެވެ.

“ތިކަން ކުރެވިދާނެ، އެކަމަކު ޑޮކްޓަރުން ވިދާޅުވަނީ، ކުއްލި ގޮތަކަށް ހުރިހާ ހަނދާނެއް އެނބުރިއައުމަކީ ވާނޭ ކަމެއް ނޫންކަމަށް، އަނެއްކާ ޑިފީ ވަރަށް ބޮޑަށް ޤަބޫލުއެބަކުރޭ އޭނާ އަދި ކިޔަވާ ނުނިމޭކަން، އެހެންވީމަ އޭނާ ޤަބޫލުކުރާ ޤަބޫލުކުރުމަށް ވަގުތު ދޭން ޖެހޭނެކަމަށް ޑޮކްޓަރުންވަނީ ޢާއިލާއަށް އަންގާފައި، ނަވާ ވިސްނާލަބަލަ މިފަދަ ވަގުތެއްގައި ކުއްލިއަކަށް އަހަރުމެން ޑިފީގެ އަނތްބަކާ ދަރިއަކު ހުރި ވާހަކަ ބުނުމުން ވާނޭ ގޮތް، އަހަރެން ބޭނުމެއްނޫން މިހުރިހާ ކަމެއް ޑިފީގެ ހަނދާނަށް ގެންނަން މަސައްކަތްކުރާތަނުން ޑިފީއަށް ޝޮކެއް ޖެހޭކަށް، ޑިފީ އަމިއްލައަށް ކަންތައްތަކާމެދު ވިސްނަން ވަގުތު ދޭން އެބަޖެހޭ، އަހަންނަށް އެނގޭ ޑިފީއަށް ހަޤީޤަތް އެނގޭ ދުވަހަކުން އެންމެ ހިނދުކޮޅަކަށް ވެސް އިޒޫ އާއި ދަރިފުޅާ ދުރުގައެއް ނުހުންނާނެކަން” ޒައުލް މިހެން ބުނުމުން ނަވާލު އެއްވެސް އެއްޗެއް ނުބުންޏެވެ. އަދި ހުރި ފިޔަވަޅު މަތީ މަޑުކޮށްލައިގެން ވިސްނުމުގެ ތެރެއަށް ގެއްލިފައި އޭނާ އިރުކޮޅަކު ހުއްޓެވެ.

“އެހެންވިޔަސް… ޒައުލް… އަހަރެން ބޭނުމެއްނޫން އިޒޫއަށް އޮޅުވާލާކަށް، މިހާރު ވެސް އޭނާއަށް ޒައުލް ތިވަނީ އޮޅުވާލާފައި، އިޒޫއަށް ނޭނގޭ ޑިފީގެ ގާތުގައި އޭނާގެ ޢާއިލާ މީހުން ތިބިކަން، އިޒޫ ހީކޮށްގެން އެހުންނަނީ ޑިފީ ގޮވައިގެން މިކޮޅުގައި އުޅެނީ ޒައުލް އެކަނިކަމަށް، އަހަރެން ވެސް ހީކޮށްގެން ހުރީ އެހެން” ލަސް ލަހުން ވާހަކަދެއްކިއިރު ނަވާލުގެ އަޑުގައިވަނީ މާޔޫސްކަމެވެ.

“ތިކަން އެނގޭ، އެކަމަކު ނަވާ ވެސް ވިސްނާލަބަލަ، ޑިފީ އެހާލުގައި އޮތްއިރު އޭނާގެ މައިންބަފައިންނަށް އެކަން ސިއްރުކުރުން އެއީ އެންމެ ރަނގަޅު ގޮތްތައް، އަހަރެން މިރިސްކު ނެގީ އިޒޫ އަހަރެންދެކެ ރުޅި އަޔަސް ހެޔޮ ކަމަށް، އެކަމަކު އޭރު ހިތަކަށް ނާރާ މިހެން ވެދާނެއެކޭ، ވަރަށް ބޮޑަށް އުންމީދުކޮށްގެން އައީ ޑިފީ ރަނގަޅުވިހާ އަވަހަކަށް އިޒޫ މިކޮޅަށް ގެންނަން، ޤަބޫލުކުރޭ ނަވާ، އަހަރެން ނުބައި ރޭވުމެއް ނުރާވަން، އިޒޫ އާއި ޑިފީ ގުޅުނުއިރު އެމީހުންގެ އެންމެ ގާތުގައި ހުރެފައި މިއަދަކު ނޫނެންނު އެދެމީހުންގެ ހަތުރަކަށް އަހަރެން ވާނީ” ޒައުލް ބުނި އެއްޗެއް ތެދުކަން ހާމަކުރާފަދަ ގޮތަކަށް އޭނާ އައިސް ނަވާލުގެ ކޮނޑުގައި އަތްބާއްވާލިއެވެ.

“އަހަރެން މިތަނުގައި ހުރުމުގެ ބޭނުމެއްނެތް، މިއަދު އަހަރެން އެނބުރި މާލެދާން ފުރާނަން، އަދި ހުރިހާ ވާހަކައެއް އިޒޫއަށް ކިޔައިދޭނަން، އަހަންނަށް މިއަދު މިޖެހުނީ ކުޅި ބަލަން ހުންނަން…” ނަވާލު މާނަފުން ބަލާލުމަކުން ޒައުލްއަށް ބަލާލުމަށްފަހު ހޮސްޕިޓަލުން ނުކުތުމަށް ހިނގައިގަތެވެ.

* * * *

“މަންމީ….” ނިދިފައި އޮތް މިރާން ކުއްލިއަކަށް ތެދުވެ ރޯން ފެށުމުން ޢިޒްވާ ވަރަށް ކަންބޮޑުވިއެވެ. ބޮޑު އެނދުގައި ދަރިފުޅު ގާތުގައި ބާއްވާލައިގެން ޢިޒްވާއަށް ވެސް އޮތީ ނިދިފައެވެ. މިރާން ފުންމައިގެން ތެދުވި ގޮތަށް ނިކަން ބާރަށް ރޮއެގަތުމުން ޢިޒްވާގެ ދެލޮލުން ނިދިފިލައިފައި ވެއެވެ.

“ކިހިނެއްވީ، އާދެބަލަ މަންމަ ބައްދާލާނަން” ޢިޒްވާ އަވަސް އަވަހަށް ދަރިފުޅު ގެނެސް އަތުގެތެރެއަށް ލާން އުޅުނެވެ.

“ކޮއްކޮ ބިރުގަންނަ ހުވަފެނެއް ފެނުނީ” މިރާން ރޮވިފައި ބުންޏެވެ. އަދި ޢިޒްވާގެ އަތުގެތެރެއަށް ވަރަށް ފަސޭހައިން އައިސް ވަދެއްޖެ އެވެ.

“އެއީ އެއްވެސް ކަމެއްނޫން، މަންމަ ބުނަމެންނު ކޮއްކޮ ބިރުގަތީމަ ކިޔާނީ ކޮންދުޢާ އެއްކަން، އަވަހަށް ހިނގާ މަންމައާ ދެކުދިން ވެގެން ދުޢާ ކިޔާލާފައި ނިދަން އޮށޯންނަން” ޢިޒްވާ ދަރިފުޅު މަސަލަސް ކުރުމުގެ ގޮތުން ބުނެލިއެވެ.

“ކޮއްކޮ ނިދީމަ އިނގޭ މަންމި ނިދާނީ، މިތާ އަތްބާއްވައްޗޭ” ޢިޒްވާއާ ބޮޑަށް ގާތްވެލައިގެން އެނދުގައި އޮށޯތުމާއިއެކު ޢިޒްވާގެ އަތްގެނެސް މިރާންގެ އުނަގަނޑުގައި ވަށާލަމުން ބުންޏެވެ.

“މަންމަ ނުނިދަމޭ، މިއޮތީ ދަރިފުޅަށް ބަލަން” ޢިޒްވާ، މިރާންގެ ނިތްކުރީގައި ބޮސްދިނެވެ.

ދަރިފުޅުގެ އަތް ޢިޒްވާގެ އަތްމަތިން ދޫވެގެން ދިއުމާއެކު އޭނާއަށް ނިދިއްޖެކަން ޢިޒްވާއަށް އެނގުނެވެ. އެހެންނަމަވެސް އޭނާގެ ދެލޮލަށް ނިންޏެއް ނައެވެ. އެހެން އޮންނަން ފެށުމުން އޭނާގެ ސިކުނޑިއަށް އުނދަގޫކުރަން ފެށީ ޝަދަފުގެ ޚިޔާލުތަކެވެ. މަސްދުވަސް ޝަދަފާއި ވަކިން ހޭދަވެގެން ދިޔައިރު ޢިޒްވާ ވަނީ ވަރަށް ބޮޑަށް އެކަނިވެފައެވެ. ދަރިފުޅު ބައްޕަ ދެކިލަން ބޭނުންވެގެން ކުރާ ޝަކުވާތަކަށް ބަހަނާ ދައްކާ ދައްކާ ޢިޒްވާ ވަނީ ވަރުބަލިވެފައެވެ. ހިތާ ހިތުން ވެސް ދުޢާކޮށްލެވެނީ ޝަދަފަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމަށެވެ. ވީއެންމެ އަވަހަކަށް އެދެމައިންގެ ގާތަށް ސަލާމަތުން ޝަދަފު އެނބުރި އައުމަށެވެ. ދެލޮލުން ފޭދިގެން ދިޔަ ކަރުނަތިއްކާއެކު ޢިޒްވާ ދެލޯ މަރާލިއެވެ. އެހިނދު ލޮލަށް ކުލަވެ ސިފަވީ ކައިވެންޏަށް ފަސްއަހަރު ފުރުނޭ ޝަދަފުގެ ހުރި ގޮތެވެ. އޭނާގެ ހީނލުމާއި ލާނެތް ސަމާސާތަކެވެ. ލޯބިން ފުރިގެންވި ވާހަކަތަކެވެ. ފަތިސް ނަމާދުގެ ބަންގީގެ އަޑު ސައިޑް ކަބަޑުމަތީ އޮތް ފޯނުން އިވުނީ ވެސް ޢިޒްވާ ހޭލާ އޮއްވައެވެ. ފޯނުގެ އަޑު މަޑުކޮށްލުމާއިއެކު މަޑުމަޑުން ތެދުވެ ނަމާދުކުރުމަށް އުޅުނެވެ. އޭރު އަރާމު ނިދީގައި މިރާން ނިދާފައި އޮތެވެ.

“އިޒޫ، ހޭލާ އުޅޭނެކަން އެނގޭތީ މިގުޅާލީ، ކޮންކަމެއް މިއަދު އޮތީ، ހިނގާބަލަ ބޭރަށް ގޮސްލަން، މިހާރު ފައިވެސް ރަނގަޅެންނު” ހެނދުނު އޮފީހަށް ދެވުމާއެކު ސަމަރު ގުޅާލިއެވެ.

“އާދޭ ބްރޭކް ގަޑީގަ ސައިބޯން، މިހާރު ސައިކަލުގަ އެންނު ތިއުޅެނީ، އެހެންވީމަ މިހިސާބަށް އައިސްފައި ލަސްނުވެ އޮފީހަށް ދެވޭނެ، އަހަރެން ވެސް ހިތައް އަރާފަ މިހުންނަނީ މިރާން އިސްކޫލު ނިމިގެން މިއަދު ސައިބޯން ތަނަކަށް ދާން” ދަރިފުޅުގެ އެއްޗެހި ދޮންނަން ތައްޔާރުވަމުން ދިޔަ ޢިޒްވާ ފޯނުން ބުނެލިއެވެ.

“އަހަންނަށް ވޯފުލްސް ހަދައިދޭ މަތިން ދާނީ، ދެން ތިގެއަށް ގޮސްފައި ޕްލޭންކޮށްލާނީ ދޯ” ސަމަރު މިހެން ބުނުމުން ޢިޒްވާ އެކަމާ އެއްބަސްވިއެވެ. އަދި ފޯނުކޯލު ކުރުކޮށްލާފައި އޭނާގެ ކުރަން އުޅުނު މަސައްކަތައިގެން ކުރިއަށް ދިޔައެވެ.

ހަވީރުގެ ވަގުތެވެ. ޢިޒްވާ، މިރާން ބަލާދިއުމަށް ތައްޔާރުވެލައިގެން ކޮޓަރިން ނުކުން ވަގުތު މީހަކު އެޕާޓްމެންޓުގެ ބެލްޖެހި އަޑުއިވުނެވެ. އަވަސް އަވަހަށް އައިސް ދޮރުފަތުގައި ހުރި ކުޑަބިއްލޫރިކޮޅުގައި ލޯޖަހާލަމުން ދޮރުގެ އަނެއްފަރާތުގައި ހުރީ ކާކުތޯ ބަލާލިއެވެ. އަދި ނިއުޅާލާފައި އޮތް އިސްތަށިގަނޑު ރީތިކޮށްލަމުން ދޮރުހުޅުވާލީ ހިނިތުންވެލައިގެން ހުރެއެވެ.

“ނަވާލު” ޢިޒްވާ ވަރަށް ހިނިއައިސްފައި ބުންޏެވެ.

“ބޭރަށް ދާންތަ ތިއުޅެނީ، އެހެންވެ ދޯ ކާރު މިގޭ ދޮރުމަތީ އެއޮތީ” ނަވާލު ހަމަޖެހޭގޮތް ދައްކާލަމުން ބުންޏެވެ.

“މިދަނީ މިރާން ބަލާ، އަހަރުމެން ފުރަން ރެޑީވާންވީތަ، އެކަމަކު ހާދަ އަވަހަކާއޭ ތިއައީ” ހިތްއަވަސްވެފައި ހުރެ ޢިޒްވާ ބުންޏެވެ. އެއާއިއެކު ނަވާލު ބުނަން އައި އެއްޗެއް ބުނުމަށް ފަސްޖެހެވުނެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ފުންނޭވާއެއް ބޭރުކޮށްލި ތަނާ ޢިޒްވާ އަނެއްކާ ވެސް ވާހަކަދައްކަން ފެށިއެވެ.

“ނަވާލު، މިރާން ބަލާދާން މިދަނީ، ނުވާނެ ގިނައިރެއް، އެކުއްޖާ ގޮވައިގެން އައިސް ވާހަކަދައްކާލަން މަޑުކޮށްލަންވީނު” ޢިޒްވާ އޭނާގެ އަތުގައި އޮތް ފޯނުން ގަޑި ބަލާލާފައި ބުންނެވެ.

“ހޫމް! މިރޭ ތަންކޮޅެއް ފަހުން އަހަރެން އަންނާނަން، އަންނަމުން އިޒޫއަށް ގުޅާލާނަން، އަހަންނަށް ވަރަށް ރަނގަޅު ސަމަރު ގާތު މަޑުކޮށްލަން ބުނިއްޔާ، ގާތް ގަނޑަކަށް ނުވަގަނޑި ބައިކަން ހާއިރު ކިހިނެއްވާނީ” ނަވާލު، ޢިޒްވާއަށް ބަލަހައްޓައިގެން ކުރެ ފާޑަކަށް ބޯޖަހާލަމުން ބުންޏެވެ. އަދި އަވަސް އަރުވާލާފައި އެނބުރި ދާން ހިނގައިގަތުމުން ޢިޒްވާ ހައިރާންވިއެވެ. އެޕާޓްމެންޓުން ނުކުމެ ދޮރު ތަޅުލުމާއެކު ޢިޒްވާ ހިނގައިގަތީ ލިފްޓާ ދިމާލަށެވެ. ކުރިއަށްވުރެ ހައިރާންވީ ނަވާލު ލިފްޓަށް އެރުމުގެ ބަދަލުގައި ސިޑިން ފައިބައިގެން ދިޔުމުންނެވެ.

“މިއަދު ނަވާލަށް ކިހިނެއްވެފައި ހުރި ދުވަހެއްބާ، ވެދާނެ ކުރަންހުރި ކަންތައްތައް ގިނަކަމުން ބޯގޮވާފަ ހުރީކަމަށް” ޢިޒްވާ ލިފްޓަށް އަރަމުން އަމިއްލަ ނަފްސަށް ބުނެލިއެވެ.

ހަނިމަގަކުންލާފައި ޢިޒްވާ އާއި ސަމަރު ކުލާސްރޫމުތައް ހުރި ދިމާލަށް ނުކުތެވެ. އޭރު ކުލާސްރޫމުތައް ކައިރިއަށް ބެލެނިވެރިންތައް ޖަމާވާންފަށައިފިއެވެ. މީހުންތަކުގެ ތެރެއިން ޖާގަހަދަމުން ކަހަލަ ގޮތަކަށް ޢިޒްވާ އައިސް މިރާންގެ ކުލާސްރޫމު ދޮރުމަތީ މަޑުކޮށްލިއެވެ. އަދި ދަރިފުޅު އިންނަ މޭޒާ ދިމާލަށް ނަޒަރު ހިންގާލުމުގެ ކުރިން ޓީޗަރުގެ އަތުގައި ހިފަހައްޓާލައިގެން ހުރި މިރާން ފެނުނެވެ. ހައިރާންވެފައި ޢިޒްވާ ކުރިއަށް ޖެހިލާ މިރާންއަށް ގޮވާލިއެވެ. އެހިނދު މިރާން ޓީޗަރާއި ސަލާމްކޮށްލުމާއިއެކު ދުވެފައި އައިސް ޢިޒްވާގެ އަތުގައި ހިފާލިއެވެ.

“މިރާންގެ މަންމަ!” ކުލާސް ޓީޗަރު ނާޒިމާ ގޮވާލިއެވެ.

“ލައްބަ” ދަރިފުޅުގެ މޫނަށް ބަލަންހުރި ޢިޒްވާގެ ސަމާލުކަން ޓީޗަރަށް ދެމުން ބަލާލިއެވެ.

“އަޅުގަނޑު ވާހަކަދައްކާލަން ބޭނުން، ކުދިން މަދުވެލަންދެން މަޑުކޮށްލެވިދާނެތޯ” ނާޒިމާގެ ވަށައިގެން އުޅޭ ކުޑަކުދިންތައް އެއްފަރާތްކުރަމުން އައިސް ޢިޒްވާގެ ގާތުގައި މަޑުކޮށްލަމުން ބުންޏެވެ. ހައިރާންކަންވެރިވެފައި ހުރި ޢިޒްވާ އާނއެކޭ ބުނުމަށް ބޯޖަހާލަމުން ކުލާސްރޫމުގެ ދޮރުމަތިން އެއްފަރާތްވެލީ އެހެން ބެލެނިވެރިންނަށް ތަންދެމުންނެވެ. އޭރު އޭނާގެ ގާތުގައި ހުރި ސަމަރު ވެސް ޢިޒްވާއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.

“މިރާން، ދަރިފުޅު ހުރިހާ ވޯކްއެއް ނިންމިންތަ، މިއަދު ކުލާހުގައި ކީއްކުރީ، އެނގޭތަ، މަންމަ އާއި ސަމް ދައްތަ މިއުޅެނީ މިރާން ގޮވައިގެން ސަބްމެރީން ކާންދާން” މިރާންގެ ފަރާތުން ކަމެއް އޮޅުންފިލާތޯ ޢިޒްވާ އުޅުނެވެ.

“ކޮއްކޮ ދާނަން” މަޑުމަޑުން މިރާން ބުނެލިއެވެ. ޢިޒްވާ ކަންބޮޑުވެފައި ސަމަރްއަށް ބަލާލިއެވެ.

ކުލާސް ރޫމުން ކުދިން ހުސްވުމާއެކު ނާޒިމާ، ޢިޒްވާއަށް ގޮވާލިއެވެ. އެއާއިއެކު ޢިޒްވާ އާއި ސަމަރު، މިރާން ގޮވައިގެން އައިސް ކުލާސްރޫމަށް ވަނެވެ. ނާޒިމާ ނިކަން ލޯބިން މިރާންގެ އަތުގައި ހިފާލާފައި ހިނިތުންވެލަމުން ވާހަކަދެއްކިއެވެ.

“ނާޒި އާންޓީގެ އެންމެ ބަސްއަހާ ކުއްޖާ ދޯ މިރާންއަކީ، ވަރަށް ހެލްޕްފުލްވާނެ، މިރާން، ނާޒި އާންޓީ، މިރާންގެ މަންމައާ ވާހަކަދައްކާލަންދެން ދާންވީނު ޕްލޭގުރައުންޑަށް ކުޅެލަން” ނާޒިމާގެ އޯގާތެރިކަން ފެނިފައި ޢިޒްވާ ހިތްހަމަޖެހުނެވެ. މިރާން މަޑުމަޑުން ބޯޖަހާލަމުން ކޮނޑުގައި އަޅުވާފަ އޮތް ސައިޑްބޭގް ނަގާ ޢިޒްވާއަށް ދިއްކޮށްލާފައި ކުލާހުން ބޭރަށް ހިނގައިގަތެވެ. އޭނަގެ ފަހަތުން ސަމަރު ދިޔައެވެ.

“ކިހިނެއްތޯވީ، ކުއްލިއަކަށް ބައްދަލުކުރަން ބުނީމަ މީނީ ވަރަށް ހާސްވެފައި” މިރާން ކުލާހުން ނުކުންނައިރަށް ޢިޒްވާ ސުވާލުކޮށްލިއެވެ.

“ފަހަރެއްގައި ބޮޑުކަމަކަށް ނުވެވެސް ދާނެ، އެކަމަކު އަޅުގަނޑަށް މިހާރަކަށް އައިސް ފާހަގަކުރެވިގެން މިއުޅެނީ، މިރާން ކުލާހުގައި އެހެންކުދިންނާ ގުޅިގެން އުޅޭތަން ނުފެންނާތީ، ހީވަނީ ކޮންމެވެސް ކަމަކާ ވިސްނާހެން، އެހާ ތުއްތު އުމުރަކު އެކަނި ހުންނަން ބޭނުންވާތީ އަޅުގަނޑު ވަރަށް ހައިރާންވި، މިރާން ގާތު އަޅުގަނޑު ސުވާލުކުރިން ކަމެއް ބޭނުންވަނީތޯ، ކުއްޖަކު އެއްޗެއް ބުނީތޯ، ނޫނީ މިރާން އެއްވެސް ވާހަކައެއް ބުނަންބޭނުންތޯ، ހަމަ އެއްވެސް ޖަވާބެއް ނުދިން، އަޅުގަނޑު ކުރާ އެހެން ސުވާލުތަކަށް ޖަވާބުދޭ، ގޭތެރޭގައި ވެސް މިރާންގެ އުޅުން ހުންނަނީ ހަމަ އެހެންތޯ” ނާޒިމާގެ ކަންބޮޑުވުން އަޑުއިވުމާއެކު ޢިޒްވާއަށް އޭނާގެ ތިރީތުންފަތުގައި ދަތްއަޅާލެވުނެވެ.

“އަނެއްކާ ގޭތެރޭގައި ހުރިހާ ކަމެއް ރަނގަޅުތޯ؟” ޢިޒްވާގެ މޫނުމަތިން ފެނިގެންދިޔަ ކުލަވަރުން ނާޒިމާއަށް ސުވާލުކުރަން މަޖޫބޫރވިއެވެ. މަޑުމަޑުން ދަފަރާތަށް ބޯހޫރާލަމުން ޢިޒްވާ ދިމާވެގެން އުޅޭ ހިތާމަވެރި ހާދިސާ ނާޒިމާއަށް ކިޔައިދިނެވެ. ޢިޒްވާއަށް ވީވަރަކުން މިރާންގެ ހިތްހަމަޖައްސައިދީ އެކުއްޖާގެ ދިރިއުޅުމުން އުނިވެފައިވާ ބައްޕައެއްގެ ހުސްކަން ފުރައިދޭން މަސައްކަތްކުރާކަން އޭނާ ހާމަކުރިއެވެ. ނަމަވެސް މިރާންގެ ހަލަބޮލިކަން ހިމޭންވަމުން އަންނަކަމީ ޚުދު ޢިޒްވާއަށް ވެސް ފާހަގަވެފައިވާ ކަމެކެވެ. އެކަން އެގޮތަށް ވިޔަ ނުދިނުމަށް ޢިޒްވާ، މިރާންއާ އެތައް ވާހަކައެއް ދައްކައެވެ. ހުރިހާ ވަގުތެއްހެން އަބަދުމެ އުޅެނީ މިރާންގެ ގާތުގައެވެ.

“އަޅުގަނޑަށް މިކަން ފާހަގަކުރެވުނީތީ ޢިޒްވާ ކައިރީ ބުނެލީ، ތިހެން ބުނީމަ އަޅުގަނޑަށް ވެސް ފާހަގަކުރެވިއްޖެ މީގެ ކުރިން މިރާން ބަލާ އަންނަނީ އޭނަގެ ބައްޕަކަން، ދުވަސްކޮޅަކު އެހެން އުޅެފައި ބައްޕަ އެނބުރި އައުމުން ހަމަޖެހިދާނެ، އަޅުގަނޑު ވެސް އެދެނީ މިރާންގެ ބައްޕައަށް އަވަސް ޝިފާއެއް ލިބުމަށް، ދެން އެންމެ ރަނގަޅު ދުރުވިޔަސް” ނާޒިމާ ހިނިތުންވެލިއެވެ. ކަންބޮޑުވެފައި ހުރެ ވެސް ޢިޒްވާ ހިނިތުންވެލިއެވެ.

މިރާން ގޮވައިގެން ޢިޒްވާ އައިސް ޑައިންމޯއަށް ވަންއިރު ވެސް ނާޒިމާ ދެއްކި ވާހަކަތައް ސަމަރްއަށް ކިޔައެއްނުދެއެވެ. އޭގެ ބަދަލުގައި އޭނަ ދިޔައީ ކަމެއް ރާވަމުންނެވެ. ދަރިފުޅުގެ ބައްޕައާ އެކުއްޖާ ބައްދަލުކުރުވުމުގެ ރޭވުންތަކެވެ. ނަވާލު މިއަދު އައީ އެދެމައިން ބަލާކަން ޔަޤީންވާތީއެވެ. މޭޒުކައިރީ އިށީނުމާއިއެކު އޯޑަރު ދީފައި ޢިޒްވާ، ސަމަރްއާ ވާހަކަދައްކަން ފެށިއެވެ.

“އެނގޭތަ، ނަވާލު އަތުވެއްޖެ، އަހަރުމެން ފުރަން ތައްޔާރުވާންވީ، މިއަދު ވަރަށް ނަސީބުދެރަކޮށް ދިމާވީ، މިރާން ބަލާ ނުކުންނަނިކޮށް އޭނަ އައީ، މަޑުކޮށްލަން ބުނީމަ ވެސް މަޑުކުރާކަހަލަ ގޮތަކަށް ނޫން ހުރީ، ބުނީ މިރޭ ނުވަގަޑި ބައިކަން ހާއިރު އަންނާނަމޯ، ސަމަރު ގާތު ބުނައްޗޯ އަހަރުމެން ގޭގައި މަޑުކޮށްލަން، އަހަންނަށް ހީވަނީ ސަމަރުއަށް އަހަރުމެންނާއެކު ދެވޭނެތޯ އަހަން ކަންނޭނގެ ނަވާ އެއުޅެނީ، އަހަރެން ވެސް ވަރަށް ބޭނުން ސަމަރު އަހަންނާއެކު ދާން” ޢިޒްވާ ހިތްހަމަޖައްސާލަން މަސައްކަތްކުރަމުން ބުންޏެވެ.

“ސީރިއަސްކޮށް، އަލްހަމްދުލިއްލާހި، ޝަދަފު ރަނގަޅުވީ ކަންނޭނގެ، އަހަރެން އިޒޫއާއެކު ނުގޮހެއް ނުހުންނާނެ އެންނު، ޒައުލް ނުގުޅާތަ” ސަމަރުގެ މޫނުމަތިން އުފާވެރިކަން ފާޅުވެގެން ދިޔައެވެ.

“އާން! ނަވާ ޚަބަރު ދޭނޭތީވެ ނުގުޅީހެން ހީވަނީ، ސަމަރްއަށް އެނގޭތަ، އަހަންނަށް މިހާރު ޝަދަފު ދެކިލާހިތުން ކެތްވަނީއެއް ނޫން، އެންމެ ބޮޑަށް ކަންބޮޑުވަނީ މިރާންއާ މެދު” ޢިޒްވާ ޝަދަފުގެ ނަންކިޔާލުމާއެކު މިރާންގެ ސަމާލުކަން ޢިޒްވާއަށް ހުއްޓުނެވެ. ވަގުތުން މިރާން ޢިޒްވާގެ އަތުގައި ހިފާ ދަމާލިއެވެ.

“ކޮއްކޮމެން ކައިރިއަށް ޑެޑީ އަންނަނީތަ” މިރާން އަވަސް އަވަހަށް އަހާލި ގޮތުންވެސް އޭނާ އެކަމަށް ބޭނުންވެފައި އިންވަރު އެކުޑަކުޑަ މޫނުންނާ އަޑުން ފާޅުވެގެންދިޔައެވެ.

“ނަވާ އަންކަލް މިރާން އާއި މަންމަ ގޮވައިގެން ޑެޑީ ގާތަށް ދާންވެގެން އުޅެނީ، އޭރުން ދަރިފުޅާ ޑެޑީއާ ބައްދަލުވާނެ އެންނު” ޢިޒްވާގެ އަޑުގައި ހުރި ޔަޤީންކަމުން މިރާން އުފަލުން ހީނލިއެވެ. އަދި ކުއްލިއަކަށް ވާހަކަދައްކަންފެށިގޮތުން އެތުއްތު ނަފުސަށް މުޅިން އާދިރުމެއް ލިބިފައިވާ ކަހަލައެވެ. ސަމަރް އާއި ޢިޒްވާއަށް ޖެހުނީ މިރާންގެ ޚިޔާލީ ފޮލާތައް އަޑުއަހާށެވެ. އެކުއްޖާ ވަގުތުން ފުރަން ތައްޔާރުވެލިއެވެ. ޝަދަފާ ބައްދަލުވާ އިރު ލައިގެން ހުންނާނޭ ހެދުމަށް ދާންދެން މިރާން ރާވާލިއެވެ. އަދި އަމުރުކޮށްލާ ފަދަ ގޮތަކަށް އޭނާ ބޭނުންވާ އެއްޗެހީގެ ލިސްޓެއް ކިޔާލުމާއެކު ޢީޒްވާއަށް އެތައްޔާރުކޮށްދޭން ބުންޏެވެ. މިރާންގެ ހަރަކާތްތަކުން ޢިޒްވާ އާއި ސަމަރުގެ ގާތަށް ހިނިއައެވެ. އެމައުސޫމުކަން މިރާންއާ ވަކިނުވުމަށް އެދި ޢިޒްވާއަށް ހިތާ ހިތުން ދުޢާކޮށްލެވުނެވެ. ޝަދަފު ނެތުމުގެ ސަބަބުން އެކުއްޖާއަށް ލިބިފައިވާ އެކަނިވެރިކަން ފިލުވައިދިނުމަށް ޢިޒްވާ ބޭނުންވިޔަސް އެކަން އެގޮތަށް ނުވާކަން މިއަދު ޢިޒްވާއަށް އެނގިއްޖެއެވެ. މީހަކަށް ނޭނގުނެއްކަމަކު މިރާން، ޝަދަފާމެދު ވިސްނައެވެ. ޝަދަފުގެ މަތިން ހަނދާންކުރެއެވެ. ޝަދަފު ނެތުމުން އެކުއްޖާގެ މުޅި ދިރިއުޅުން ބަދަލުވެއްޖެއެވެ.

އިރުއޮއްސެން އުޅެނިކޮށް ގެއަށް އައިސް ވަން ޢިޒްވާ އާއި ސަމަރްއަށް ވުރެ ކުރިން މިރާން ދުއްވައިގަތީ އޭނާގެ ކޮޓަރިއަށެވެ. އެމީހުން މިރާން އުޅޭގޮތް ބަލަންތިއްބެވެ. އަތްފައި ދޮވެ ދަރިފުޅު ލައްވާ ވުލޫކުރުމަށްފަހު ޤުރުޢާން ކިޔަވަން އެކުއްޖާ ބޭންދުނީ ވެސް މިރޭ ވަރަށް ހާލުންނެވެ. މިރާން ބޭނުން އެތައްކަމެއް ކޮށްދޭން ޢިޒްވާ އެއްބަސްވުމުންނެވެ. ރޭގަނޑުގެ ކެއުން ނިންމާލެވުނީ ކިރިޔާއެވެ. މިރާން އަވަސްވެގަތީ ޢިޒްވާ ސާފުކޮށްފައި ބެހެއްޓި އޭނާގެ ކުޑަފޮށްޓަށް ސާމާނުތައް އަޅާށެވެ. ޢިޒްވާ އާއި ސަމަރު މިރާންގެ ކޮޓަރީގެ ދޮރުމަތީ މަޑުކޮށްލައިގެން ތިއްބެވެ. ދޭތެރެއަކުން މިރާން ފޮށްޓަށް އަޅާ ހެދުންތަކުން ބައެއް ނަގާ އެނދުމައްޗަށް އަޅާލައެވެ. އެއަށްފަހު އޭނާގެ ކުޅޭސާމާނަށް ފޮށިން ތަންހަދާލައެވެ.

“މަންމީ، ޑެޑީ އުފާވާނީ ސްޕައިޑަމޭން ދިނީމަތަ، ކޮއްކޮ އަޔަންމޭން ގެންދަންތަ” މިރާންގެ ދެއަތުގައި އޮތް ކުޅޭ ބުދަށް ބަލާލަމުން ޢިޒްވާއަށް ދިއްކޮށްލާފައި އަހާލިއެވެ. ޢިޒްވާ ހިނިއައިސްފައި ހުރެ މިރާން ބޭނުން ކޮންމެ އެއްޗެއް ގެންދިއުމަށް ބުނެލިއެވެ. ސަމަރު، ޢިޒްވާގެ ކޮނޑުގައި އަތްއަޅުވާލާއިގެން ހުރެ ހެމުންދިޔައީ މިރާންއަށް ނޭނގޭނޭ ހެންނެވެ.

“ދެން މަންމީ، ބަލާބަލަ ހުރި ބައިވަރުކަން، ކޮއްކޮއަށް ވެސް ބޮޑު ފޮށްޓެއް ހޯދަދޭންވީނު” މިރާންގެ ފޮށްޓަށް އޭނާ އަޅަން ބޭނުންވާ ހުރިހާ ސާމާނު ނޭޅުމުން އުނަގަނޑުގައި ދެއަތް ވިއްދާލާފައި ނިކަން ހަރުގޮތަކަށް ބުނެލިއެވެ.

“ދަރިފުޅު އަޅަން ބޭނުންވާ އެއްޗެހި ފޮށްޓަށް އަޅާފައި ނޭޅުނު އެއްޗެހި ފޮށިމަތީ ބަހައްޓާ، މަންމަ ނިދާނީ ދަރިފުޅުގެ ފޮށި ތައްޔާރުކޮށްދީފައި، ދަރިފުޅުގެ ފޮށްޓަށް ނޭޅުނު އެއްޗެހި މަންމަގެ ފޮށްޓަށް އަޅާނީ ދޯ، ދެން ހިނގާ ދަތްއުނގުޅާ ގައިދޮވެ ހަދައިގެން ނިދަން އޮށޯންނަމާ، މިހާރު ވެސް ވަރަށް ލަސްވެއްޖެ” ޢިޒްވާ ލޯތްބާއި އޯގާތެރިކަމާއެކު ދަރިފުޅުގެ ގާތަށް ޖެހިލާ ބޮލުގައި ފިރުމާލަމުން ބުންޏެވެ. ވަރަށް ވިސްނޭ މީހަކު ފަދައިން މިރާން އެއްފަހަރު ކުރިމަތީ އޮތް ފޮށްޓަށް އަނެއް ފަހަރު ޢިޒްވާއަށް ބަލާލާފައި ބޯޖަހާލިއެވެ.

ޢިޒްވާ މަޑުމަޑުން އެނދާ ދުރަށް ޖެހިލަމުން މިރާންގެ ގައިމަތީގައި ރަނގަޅަށް ރަޖާގަނޑު އަޅާލިއެވެ. އަދި ކޮޓަރީގެ އަލި މަޑުކޮށްލީ ވަރަށް ކުޑަކޮށެވެ. މާބޮޑަށް އަނދިވެއްޖެއްޔާ މިރާން ބިރުގަންނާތީއެވެ. ދަރިފުޅު ގާތު ދެލޯ ނުހުޅުވާ އަވަހަށް ނިދާލަން ބުނެފައި ޢިޒްވާ ކޮޓަރިން ނުކުމެ ދޮރު ލައްޕާލިއެވެ. މިރާންއަކީ ބޮޑުވަމުން އައި އިރު ވަކިން ނިދަން އާދަވެފައި ހުރި ކުއްޖެކެވެ. އެހެންވެ ނިދަން ބޭއްވުމުން އޭނާ ނިދަންދެން ގާތުގައި މީހަކު ހުންނާކަށް ނުޖެހެއެވެ.

“ކޮބާތަ ނަވާލު، އޭނާ ހަނދާންނެތުނީތަ” ޢިޒްވާ ސިޓިން ރޫމަށް ނުކުންތަން ފެނި ސޯފާއަށް ވެއްޓިގަނެގެން ކަހަލަ ގޮތަކަށް އޮތް ސަމަރު އަހާލިއެވެ.

“މިހާރު އަންނަން އުޅޭނެކަންނޭނގެ، ޝަދަފު ނެތީމަ އޭނައަށް ކިހާ ބުރަވާނެ، ދެމީހުންގެ މަސައްކަތް އެކަކު އެކަނި ކުރަންވިއްޔަ އެޖެހުނީ” ޢިޒްވާ އައިސް އެކަކަށް އިށީނދެވޭގޮތަށް ހުރި ގޮނޑީގައި އިށީންނަމުން ބުންޏެވެ. ދެއެކުވެރިން ވާހަކައިގައި ތިއްބާ ޢިޒްވާގެ ފޯނު ރިންގުވާން ފެށިއެވެ. އަވަސް އަވަހަށް ފޯނުގެ އިސްކުރީނަށް ބަލާލާފައި ހިނިތުންވެލަމުން ސަމަރްއަށް ބަލާލިއެވެ.

“ނަވާލު” ޢިޒްވާ ބުންޏެވެ. އަދި ފޯނުކޯލަށް ޖަވާބުދިނުމަށް ފޯނު ކަންފަތުގައި ޖައްސާލިއެވެ. އެއާއިއެކު ގިނައިރުތަކެއް ނުކޮށް ޢިޒްވާ އައިސް އެޕާޓްމެންޓުގެ ދޮރު ހުޅުވާލިއެވެ. އެތެރެއަށް ވަދެގެން އައި ނަވާލު ފެނި އަވަސް އަވަހަށް ސަމަރު ތެދުވެ ލައިގެން ހުރި ޓޮޕްކޮޅަށް ދަމާލާފައި ގޮނޑީގައި ހަމަޖެހިލިއެވެ. ނަމަވެސް ނަވާލުގެ މޫނުމަތިން ހަމަޖެހިފައި ހުރި މީހެއްގެ ފަރާތުން ފެންނަ ފަދަ އެއްވެސް ކުލަވަރެއް ނުފެނެއެވެ. އުފާވެރި ޚަބަރަކާއިގެން އަންނަ މީހަކު ހުންނާނެ ގޮތް ސަމަރްއަށް ވެސް ސިފަކޮށްލަން އެނގެއެވެ. އެހެންވިޔަސް އޭނާ އިނީ ކުރިން ވާހަކަ ނުދައްކާށެވެ. އެއްވެސް ސުވާލެއް ނުކުރާށެވެ.

“މިރާން މިހާރުއްސުރެން ފުރަން ތައްޔާރުވަނީ، ބައްޕަ ގާތަށް ދެވެން އުޅޭތީ އުފަލުން ހީވަނީ އެހެންފަދަ ކަމެއްހެން، މިރޭ ނިދަން ބޭއްވުނީ ވެސް ހާދަ ވަރަކުންނޭ” ޢިޒްވާ ހިނިއައިސްފައި އިނދެ ނަވާލާ ވާހަކަދައްކަން ފެށިއެވެ.

“އައެމް ސޮރީ އިޒޫ” ޢިޒްވާގެ ވާހަކަތައް އަޑުއަހަން އިސްޖަހާލައިގެން އިނދެފައި ކުއްލިއަކަށް ނަވާލު ބުންޏެވެ.

“އިޓްސް އޯކޭ، ނަވާ ވެސް އޭރު ހުރީ ފެމެލީއާއެކު އެންނު، ނޭނގެނެ އެންނު މިކަހަލަ ކަމެއް ދިމާވާނެ ކަމެއް، އަހަންނަށް އެނގޭ ނަވާއަށް އެނގޭހާ އަވަހަކަށް ޝަދަފަށް އެހީވާނެކަން” ޢިޒްވާއަށް ވިސްނުނީ ނަވާލު ބޭނުންވި ގޮތަކަށް ނޫނެވެ. އޭނާ އިސްއުފުލާ ޢިޒްވާއަށް ބަލާލީ ހިތްވަރަށެވެ. ނުބައި ޚަބަރެއްދީ އެދެމައިންގެ އުންމީދުތަކަށް ފަސްއަޅާ ފޮރުވާލަން ބޭނުންނުވާތީ އެވެ. މަޑުމަޑުން އިނދެފައި ނަވާލު ޢިޒްވާގެ ވާހަކަ މެދުކަނޑާލީ ތަންކޮޅެއް ބާރަށް ޢިޒްވާއަށް ގޮވާލަމުންނެވެ.

“އިޒޫ…” ސަމަރު ވެސް ޢިޒްވާއަށް ގޮވާލި ގޮތުން ހީވީ ނަވާލު ބުނަން އުޅޭ ވާހަކަ އަޑުއަހާށޭ ބުނިހެންނެވެ. ލޯބޮޑުކޮށްލަމުން ސަމަރްއަށް ބަލާލި ޢިޒްވާ އަވަސް އަވަހަށް ނަވާލަށް ބަލާލީ އޭނާ ބުނަން އުޅޭ އެއްޗެއް އަޑުއެހުމަށެވެ. ކެތްތެރިކަން ކުޑަވެފައި އިންވަރުން ވެސް ކަންނޭނގެއެވެ. ނަވާލުގެ ވާހަކަދެއްކުމުގައި ޖެހިލުންވުމެއް ހުއްޓެއްކަމަކު އޭނާ ބުނަން އުޅޭ އެއްޗެއް ނުބުނެގެން ޢިޒްވާ އިނީ ކަންތައްބޮޑުވެފައެވެ.

“ނަވާ، އެއްޗެއް ބުނަން ބޭނުންވެފައި އެކަމަކު ނުބުނެވިފައި އިންހެން ތިއިންނަނީ، ކިހިނެއްވީތަ؟ ފުރުން ލަސްވީތަ؟” ނަވާލު އެއްޗެއް ބުނަންނަދެން ޢިޒްވާއަށް އަނގައިން ނުބުނެ ނީނދެވުނެވެ.

“ޑިފީގެ ހާލު ރަނގަޅެއްނޫން، ޢިޒްވާއާ މިރާން އޭނާގެ ގާތަށް ގެންދާނޭ ގޮތެއް އަހަންނަކަށް ނުވިސްނު” ނަވާލު މަޑުމަޑުން ބުންޏެވެ.

“އަދިވެސް ހޭނަރަނީތަ، ނޫނީ އެއަށްވުރެ ވެސް ދެރަކަމެއް ދިމާވީތަ، އަނެއްކާ… އަނެއްކާ ޝަދަފު އަހަރުމެންނާ ދުރަށް…” ޢިޒްވާއަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. އަވަސް އަވަހަށް ސިކުނޑިއަށް ވަން ޚިޔާލު ބޭރުކޮށްލުމަށް ދެފަރާތަށް ބޯހޫރާލެވުނެވެ.

“އިޒޫ، ޑިފީ ހޭއަރައިފި، އެކަމަކު ޑިފީ އޮތީ އޭނާގެ ޢާއިލާ މީހުންގެ ބެލުމުގެ ދަށުގައި، އިޒޫ ކައިވެނި ކުރި ޑިފީއެއްނޫން މިހާރު އެއީ” ނަވާލުގެ މާޔޫސްކަން އޭނާގެ މޫނުމަތިން ފާޅުވޭވޭ ހުއްޓެވެ.

“އަހަންނަކަށް ނުވިސްނުނު، ޝަދަފު ހޭއަރައިފިއްޔާ އޭނާގެ ގާތުގައި ތިބުން އެންމެ ހައްޤުކަން ބޮޑީ އޭނާގެ ޢާއިލާ، އެއީ އަހަންނާ މިރާން، ދެން ކީކޭ ނަވާ ތިކިޔަނީ” ނަވާލުގެ ވާހަކަ މުޅިން ފަހުމްނުވިޔަސް ޢިޒްވާގެ ހިތަށް ނޭނގޭ ބިރުވެރިކަމެއް އިޙްސާސް ކުރެވިގެންދިޔަ އެވެ. އިރުކޮޅަކު ނަވާލު އެއްޗެއް ނުބުނެ އިނުމަށްފަހު ގޮނޑީގެ ތަންކޮޅެއް ކުރިއަށް ޖެހިލާފައި ޢިޒްވާއަށް އޭނާ ޝަދަފުގެ ގާތަށް ދިއުމުން ކަންތައްވީގޮތް ކިޔައިދިނެވެ. އެހިނދު ފުންނޭވާއެއް ބޭރުކޮށްލި ޢިޒްވާ ހީވީ ގަނޑުވިހެންނެވެ. ބަހެއް ނުބުނިތަނުގައި އިސްޖެހުނު ގޮތަށް އޭނާގެ ލޯ ވެސް ހުރީ އެއްދިމާލަކަށް ހުއްޓިފައެވެ. އެސްފިޔަޖަހާލުމެއްނެތިއެވެ. ނަވާލު ކަންބޮޑުވެފައި ސަމަރަށް ބަލާލާފައި ޢިޒްވާގެ ކޮނޑުގައި މަޑުމަޑުން އަތްޖައްސާލަން އުޅުނެވެ. އެހިނދު ފުންމައިގެން ތެދުވި ޢިޒްވާ، ނަވާލާ ދުރަށް ޖެހިލި އެވެ.

“ނަވާ ތިބުނި ހުރިހާ ވާހަކައެއް އެހެރަ ކޮޓަރީގައި ނިދާފައި އޮތް ކުއްޖާއަށް ކިޔައިދެވޭނެތަ” ހިތާ ސިކުނޑީގައި އުފެދިގެން އައި އެތަކެއް އިޙުސާސްތަކެއް ކޮންޓްރޯލު ކުރަން މަސައްކަތް ކުރަމުން ކަހަލަ ގޮތަކަށް ޢިޒްވާ ވާހަކަދެއްކި އެވެ. އޭނާ ރޯން އުޅޭހެން ވެސް ހީވެއެވެ. ނޫނީ ނުރޯން މަސައްކަތްކުރަނީއޭ ވެސް ހީވެއެވެ. މޫނުމަތިން އެތަކެއް ކުލަވަރުތަކެއް އެއްފަހަރާ ފެންނަމުންދިޔައެވެ. ނަވާލުދެކެ ރުޅި އައިސް ރަތްވެ އޭނާގެ މޫނުމަތި ނިޔަފަތިތަކުން ނޮޅާ ލޭކޮށާލަން ބޭނުންވެފައި ހުރި ހެން ވެސް ހީވެއެވެ. ދެއަތް ދެއަތާ މޮޑެމުން ކަހަލަ ގޮތަކަށް ޢިޒްވާ އެތަނުގައި ތިބި ސަމަރް އާއި ނަވާލަށް ފުރަގަސް ދިނެވެ.

“އިޒޫ، އަހަރެން….” ނަވާލު ކޮޅަށް ތެދުވެ ޢިޒްވާއަށް ބަލަންހުރެ އެއްޗެއް ބުނަން އުޅުނެވެ. އެހެންނަމަވެސް އޭނައަށް އިތުރަށް ބުނާނީ ވަކި ކީކޭކަމެއް ނޭނގުނެވެ. ޢިޒްވާއަށް މިފަދަ ވަގުތެއްގައި ކުރެވޭނެ އިޙުސާސް އޭނާއަށް ނޭނގުނުނަމަވެސް ކުރާނޭ އަސަރު އަންދާޒާކޮށްލެވުނެވެ. އެހެންވެ އިތުރަށް އެއްޗެއް ބުނެގެން ޢިޒްވާގެ ހިތުގައި ޖައްސަން ބޭނުންނުވީއެވެ. މިއަދު އޭނާ އެވާހަކަތައް ޢިޒްވާ ގާތު ނުބުނިނަމަވެސް އެކަން ކޮންމެވެސް ގޮތަކުން އެނގޭނެކަން ނަވާލަށް އެނގެއެވެ. އަނެއްކޮޅުން އޭނައަށް ޝަދަފުގެ ހާލު އެނގުނުހެން ޢިޒްވާއަށް އެހުރިހާ މަންޒަރެއް ފެންނަން ނަވާލު ނޭދެއެވެ. މިވަގުތު ޝަދަފުގެ ކުރިމައްޗަށް އެދެމައިން ގެންގޮސްގެން ވާނޭ ފައިދައެއް ނޯންނާނެއެވެ. ޝަދަފު އަންނަން ބޭނުންނުވަންޏާ އޭނާ ގެނެވޭނޭ ގޮތެއް ވެސް ނޯންނާނެއެވެ. އަންބަކާއި ދަރިއަކު ހުރިކަން ޝަދަފަށް އެންގޭނެ ގޮތެއް ވެސް ނޯންނާނެއެވެ. އެވަރު ނަވާލަށް ވިސްނެއެވެ. ޝަދަފުގެ ޢާއިލާ މީހުން އޭނާއަށް އެޚަބަރު ލިބުނަކަށް ނުދޭނެއެވެ. ދުނިޔެއަކީ ކިހާ ކެހިވެރި، އަނިޔާވެރި ތަނެއްކަން ނަވާލަށް އެނގެއެވެ. ވީއިރު ހަޤީޤަތެއްނެތް ކުލަ ހުވަފެންތަކެއް ޢިޒްވާއަށް ދައްކާކަށް އޭނާ ބޭނުމެއްނޫނެވެ.

“ސަމަރު، މިވަގުތު އަހަންނަށްވުރެ ބޮޑަށް ޢިޒްވާއަށް ހިތްވަރުދެވޭނޭ ފަރާތަކީ ތީ، އިޒޫ ގާތު އިތުރަށް ބުނާނެ އެއްޗެއް އަހަރެންގެ ސިކުނޑިއަށް މިވަގުތު ނާދޭ، ހެނދުނުން ސަމަރްއަށް އަހަރެން ގުޅާނަން، އިޒޫ އާއި މިރާންގެ އެއްވެސް ކަމެއް ކުރަން ޖެހިއްޖެނަމަ އަހަންނަށް ވަގުތުން ގުޅާ، އަދި ބުނަން، ޑިފީގެ ފަރާތުން ޚަބަރެއް ވިޔަސް އަހަންނަށް ވަގުތުން އަންގައްޗޭ، އެނގެއެންނު މިބުނީ ކިހިނެއްކަން…. މިކަހަލަ ވަގުތަކަށް އެމީހުން އެތިބީ ދުޢާކޮށްލަ ކޮށްލާ… ގުޑް ނައިޓް” އިތުރަށް އެ އެޕާޓްމެންޓުގައި މަޑުކުރާނެހާ ހިތްވަރެއް ނަވާލަކަށް ނުލިބުނެވެ. އޭނާ ނުކުމެގެން ދިއުމާއެކު ހުއްޓުން އަރާފައި ހުރި ޢިޒްވާ އޭނާގެ ދެލޯ މަރާ ބާރުކޮށްލިއެވެ.

“އެމީހުން އެތިބީ ދުޢާކޮށްލަ ކޮށްލާ…” ނަވާލު ދަމުން ސަމަރުގެ ގާތުގައި ބުނި ވާހަކަތަކުން ޢިޒްވާގެ ހިތަށް އެންމެ އަސަރުކުރީ އެހެން ބުނީމައެވެ.

“އިޒޫ” ސަމަރު ގޮވާލީ ކަންބޮޑުވެފައި ހުރެއެވެ. ނަމަވެސް ނުރޯން މަސައްކަތްކުރަމުން ދިޔަ ޢިޒްވާގެ ލޮލަށް ކަރުނަ ޖަމާވަމުންދިޔައެވެ. ދެދަތްޕިލާ ޖައްސާ ބާރުކޮށްލުމާއެކު ޢިޒްވާ، ސަމަރްއަށް ބަލާލިއެވެ. ފެންކަޅިވެފައި ހުރިއިރު އެދެލޮލަށްވަނީ މަޑުރަތްކަމެއް ވެރިވާން ފަށާފައެވެ.

“ސަމަރު ވެސް ބޭނުންވީ ޝަދަފުގެ ޢާއިލާ މީހުންނަށް އަންގާކަންނު، މިހާރު… މިހާރު…” ޢިޒްވާގެ އަޑުގައި ތުރުތުރެއް އުފެދިގެން ދިއުމާއެކު އޭނާއަށް ވާހަކަދައްކަން އުނދަގޫވިއެވެ. މޫނު އަނބުރާލުމާއެކު އޭނާ ހަލުވިކޮށް އައިސް ކޮޓަރިއަށް ވަދެ ދޮރުތަޅުލިއެވެ. ދޮރުފަތުގައި ލެނގިލެވުމާއެކު އެނދުގައި ނިދާފައި އޮތް ދަރިފުޅު ފެނުމުން ޢިޒްވާގެ ދެތުންފަތުން ނުކުތް މަޑުއާހާއެކު ހިފަހައްޓަމުން ދިޔަ ކަރުނަތައް ދެކޯތާފަތުން ލާފައި އެއްވެސް ހިފެހެއްޓުމެއްނެތި ފައިބެގެން ދިޔައެވެ. އެހިނދު ހުރި ދިމާއަށް ސޮހިގެން ދިޔަ ފޮތިގަނޑެއް ފަދައިން ޢިޒްވާ ތިރިވެ އިށީނުމާއެކު ބާރަށް ރޮވިއްޖެއެވެ. މޫނުގައި ދެއަތްއަޅާ ފޮރުވާލަމުން ގިސްލެވިއްޖެ އެވެ.

* * * *

ނިދިފައިއޮތް ޝަދަފު ކުކުރާލާފައި ބޮލުގައި އަތްޖައްސާލިއެވެ. އެވަގުތު ފިނިފިނި އަތްތިލައެއް އޭނާގެ ނިތްކުރީގައި ބީހިގެންދިޔަކަމުގެ އިޙްސާސް ކުރެވި ނިކަން އަވަހަށް ލޯބޮޑުކޮށްލަމުން ބަލާލިއެވެ. އަދި ނިތްކުރީގައި އޮތް އަތްތިލާގައި ހިފާލީ އެމީހަކު ދިޔަ ނުދިނުމަށެވެ.

“ޑިފީ” މިއުޒިކެއްފަދަ ލުއިލުއި އަޑަކުން އަންހެން ކުއްޖަކު ޝަދަފުގެ ނަންކިޔާލިއެވެ.

“ރީޝް” ޝަދަފު އޭނާގެ ބޯކައިރީ ހުރި އަންހެން ކުއްޖާގެ އަތަށް ދަމާލަމުން އޭނާގެ ކުރިމައްޗަށް ގެނައެވެ.

ލުއި ހިނިތުންވުމަކާއިއެކު ރަކިގޮތަކަށް ރީޝަމް ބަލަހައްޓައިގެން ހުއްޓެވެ. އެހެން ހުރި އިރު ރީޝަމް ހީވަނީ މުޅިން އެހެން މީހެއް ހެންނެވެ. އޭނާގެ ހަތައެއްހެން ހޭވިފައި އޮންނަ ބޮޑު ބުޅި އިސްތަށިގަނޑުވަނީ ފަންކޮށްލާފައެވެ. ކޮނޑުގެ ދެފަރާތުން ކުރިމައްޗަށްވާ ގޮތަށް އިސްތަށިގަނޑު ވައްޓާލައިގެން ހުރިއިރު މީގެ ކުރިން ޝަދަފަށް ފާހަގަ ނުކުރެވޭ ވިދުމެއް އެމޫނުމަތިން ފެނިގެން ދިޔައެވެ.

“ކޮބާ މަންމަމެން” ޝަދަފު ހިނިތުންވެލަމުން އަހާލިއެވެ. އަދި ކުޑަކޮށް ތެދުވެލަމުން ބުރަކަށިދަށަށް ބާލީސް ލައްވާލާ ހަމަޖެހިލިއެވެ.

“އާންޓީ އާއި މޮމް ދިޔައީ ކޮންތާކަށްކަމެއް ނުބުނޭ، ބޮލުގަ ރިއްސަނީ ދޯ، އަސްމާ އާންޓީ ބުންޏޭ، ޑިފީ ހޭލައިފިއްޔާ ބޭސް ދެއްޗޭ، އަދި މިތާ މަޑުކޮށްލަ ދިނުމަށް” ރީޝަމް، ޝަދަފުގެ އަތްތިލައިގެ ތެރެއިން މަޑުމަޑުން އަތްދަމާލަމުން ބުންޏެވެ. އަދި ފަރިގޮތަކަށް ހިނގާލާފައި އައިސް އެއްފަރާތުގައި ހުރި ކެބިނެޓްގެ މަތީ ބަހައްޓާފައި ހުރި ފެންޖަގުން ފެންތަށްޓެއް އަޅާލުމާއެކު ބޭސްގުޅައެއް ހިފައިގެން އައިސް ޝަދަފަށް ދިއްކޮށްލިއެވެ. ޝަދަފު ފާޑަކަށް ހިނިއައިސްފައި އިނދެ ރީޝަމްގެ ހަރަކާތްތަކަށް ބަލަމުން ދިޔައެވެ.

“ރީޝް، ޔޫ ވަރ އަ ޓޮމް ބޯއީ، ތިހާ އަންހެންވަންތަ ވީ ކޮންދުވަހެއްގަ” ބޭސްގުޅަ ކާލާފައި ފެންކޯވަރެއް ބޯލުމަށްފަހު ފެންތަށި ރީޝަމްއަށް ދިއްކޮށްލަމުން ޝަދަފު އަހާލިއެވެ.

“އެކަކު ވެސް އަބަދު އެއްގޮތަކަށް ނުހުންނާނެ އެންނު، އެހެންނޫނަސް ޑިފީ ތިދައްކަނީ ކުޑައިރުގެ ވާހަކައެންނު، އަހަރެން މިހާރު ކުޑައެއްނޫނޭ، ބަލާލާފަ ނޭނގޭތަ” ތުއިގޮތަކަށް ދަތްދޮޅި އުފުލާލީ ރީޝަމް އޭނާގެ ތުނި ހަށިގަނޑަށް ބެލުމުގެ ހުއްދަ ޝަދަފަށް ދެމުންނެވެ. އޭނާއަކީ ވެސް ފުރިހަމަ އަންހެނެއްކަން ޝަދަފަށް އަންގަން ބޭނުންވެފައި ހުރި ފަދަ ގޮތަކަށެވެ. ނަމަވެސް އިސްޖަހާލި ޝަދަފުގެ ފަރާތުން އިވިގެން ދިޔައީ ލުއި ހީނލުމެއްގެ އަޑެވެ.

“މަންމައާއެކު އޮސްޓްރޭލިއާއަށް މޫވްކުރާ ވާހަކަ އެބަދައްކާ، ޒަބާ އާންޓީ ވެސް ދާނެކަމަށް އަޑުއިވިފައި އޮތީ، ސޯ… ރީޝް.. ރީޝް ފެންނާނެތަ” ޝަދަފު އަހާލި ގޮތުން ވެސް ރީޝަމްގެ ހިތަށް އެތަށްގޮތްތަކެއް ވެގެންދިޔައެވެ. ތިރީތުންފަތުގައި ދައިގަންނަމުން ކަހަލަ ގޮތަކަށް އައިސް އަތުގައި އޮތް ފެންތަށި ބަހައްޓަމުން ރީޝަމް ހިނިތުންވެލީ ޝަދަފަށް ފުރަގަސްދީގެން ހުރެއެވެ. އެވަގުތު އެދެލޮލުން ފެނިގެންދިޔައީ އުންމީދުގެ ވިދުވަރެވެ.

“މިތާ އޮވެ އޮވެ މިހާރު ފޫހިވެއްޖެ، ކޮންއިރަކުންތަ އަހަރެން ދޫކޮށްލަނީ، ޑޮކްޓަރުންނަށް ވެސް އަހަރެން މައްސަލައެއް ހުރި ކަމަކަށް ނުފެނޭ، ދޭތެރެއަކުން ބޮލަށް އަރާ ގަދަރިހުން ވެސް މިހާރު ކުޑަ” ޝަދަފު އޮތް ކޮޓަރިއަށް ވަށައިގެން ނަޒަރު ހިންގާލަމުން ބުންޏެވެ.

“ހާދަ ކެތްމަދޭ ދޯ، ތިހެން އުޅެންޏާ ކިހިނެއް ރަނގަޅުވާނީ، ރީޝްއަށް ހީވަނީ މޮމްމެން އެދިޔައީ ފުރުމުގެ ކަންތައް ހަމަޖައްސަންހެން” ރީޝަމް އައިސް ޝަދަފުގެ އެނދު ފެންނަ ގޮތަކަށް ހުރި ބޮޑުގޮނޑީގައި އިށީންނަމުން ބުންޏެވެ.

“އޯ! ތޭންކް ގޯޑް! ރީޝް، ސީރިއަސްކޮށް ވަރަށް ޗޭންޖު އިނގޭ، އަހަރެން ކޮމެންޓު ނުކުރިޔަސް އެޕް.ބީ ފޮޓޯތައް ބަލަން، އޭގައި ހުރި ރީޝްއެއްނޫން މިހާރު އަހަރެންގެ ކުރިމަތީގައި މިއިނީ، ޔޫ ލުކް ބިއުޓިފުލް، ރިއަލީ، އައި މީން އިޓް” ޝަދަފު ހިނިއައިސްފައި ރީޝަމްއަށް ތައުރީފުކޮށްލިއެވެ.

“ޑިފީ ވެސް ގޯހެއްނޫން، އައި މީން އިޓް” ރީޝަމް ސަމާސާކޮށްލި ގޮތުން ޝަދަފު ހޭންފެށިއެވެ.

ހޮޓެލްގެ ލޮބީގައި މަޝްވަރާކުރަމަށް އަސްމަހާނާއި ޒަބާގެ ޢާއިލާ ތިއްބެވެ. އެމީހުންގެ އެދުމަށް ކުއްލިއަކަށް ފުރައިގެން އައި ޒިޔާން އިނީ އެ ދެޢާއިލާ ނިންމާ ގޮތެއް އަޑުއަހާ އެމީހުންނަށް ޤާނޫނީ ގޮތުން ލަފާ ދިނުމަށެވެ. ބޭނުންވާގޮތަށް ކަންތައްތައް ނިންމާލިޔަސް، އެކަން އެވަނީ ޤާނޫނީ އިމުގެތެރެއިންކަން ޔަޤީންކުރަން ދެ ޢާއިލާ ވެސް ބޭނުންވެއެވެ. އެއީ ފަހަށް އެޅޭ ރައްކާތެރިކަމެއް ކަމުގައި ދެ ޢާއިލާ އިންވެސް ދެކޭތީއެވެ.

“ކަންތައްކުރަންވީ ގޮތް އެނގިއްޖެ އެންނު މިހާރު” އަސްމަހާނު، ޒިޔާނަށް ބުންޏެވެ. އެވަގުތު އެތަނުގައި ތަރަފް އާއި ރަސަލް ތިއްބެއްކަމަކު އެމީހުން ބަހެއް ނުކިޔައެވެ. މިފަހަރު ހުރިހާކަމެއްވެސް ނިންމީ އަސްމަހާނު އާއި ޒަބާ ބޭނުންވާގޮތަކަށެވެ.

“މިކޮޅުގައި ޒިޔާން މަޑުކުރާނެކަމެއްނެތް، މާދަމާ ޑިފީ ގޮވައިގެން އަހަރުމެން ފުރާނަން، ޒިޔާން މާލެ ގޮސް ހުރިހާކަމެއް ނިންމާ، ތަރަފް އާއި ރަސަލް ތިބޭނީ އެކޮޅުގައި، ކަމެއް ބޭނުންވެއްޖެއްޔާ އެމީހުން އެކަން ކޮށްދޭނެ” ދެކެވެމުންދިޔަ މަޝްވަރާ ނިންމާލުމުގެ ގޮތުން ޒަބާ ބުނެލިއެވެ.

“އަޅުގަނޑަށް ވެސް ފުރޭނީ މާދަމާ، ޓިކެޓު ހަމަޖެހިފައި އޮތީ މާދަމައަށް، ބޭނުންވާގޮތަކަށް މިކަން ނިންމާލަދޭނަން” ޒިޔާން މިހެން ބުނެ ތެދުވެ އެންމެނާ ސަލާމްކޮށްލާފައި ހޮޓަލުން ބޭރަށް ނުކުންނަން ހިނގައިގަތެވެ.

“މިދުވަސް އަންނާނެއޭ އަހަރެންގެ ހިތް މާކުރިން ވެސް ބުނި، ދެރަވާނެކަމެއްނެތް އަސްމާ” މާނަފުން ހިނިތުންވުމަކާއެކު ޒަބާ ބުންޏެވެ.

އަސްމަހާން އަދިވެސް އިނީ ހާސްވެ ކަންބޮޑުވެފައި އިންފަދަ ގޮތަކަށެވެ. ޒަބާ އޭނާގެ އަތުގައި ހިފާ ތަޅުވާލަމުން ތެދުވިއެވެ. އަސްމަހާނަށް ވެސް ޖެހުނީ ތެދުވާށެވެ.

“ފްރެޝްވެލައިގެން ހިނގާ ހޮސްޕިޓަލަށް ދަމާ” އަސްމަހާނުގެ އަތުގައ ހިފާލައިގެން ހުރި ޒަބާއަށް ބުންޏެވެ.

“އަހަރުމެން މިދަނީ އެއަރލައިން އޮފީހަށް، ތަންކޮޅެއް ލަސްވެދާނެ، ލާރިކޮޅެއް ނަގައިގެން ދާނަން ހޮސްޕިޓަލާ ދިމާލަށް” ތަރަފް މިހެން ބުނެ އެނބުރުނީ ރަސަލްއާ ދިމާލަށެވެ. އަދި ދެމީހުން އެކުގައި ހިނގައިގަތީ ހޮޓެލުން ބޭރަށް ނުކުތުމަށެވެ.

“އަހަރެން ބޭނުމެއްނޫން ޝަދަފުގެ ހަނދާންތައް އަލުން އަންނާކަށް” ޒަބާއާއެކު ލިފްޓަށް އަރަމުން އަސްމަހާނު ބުންޏެވެ.

“ހަނދާންތައް އެނބުރި އަންނާނީ އެކަމަށް މަސައްކަތްކޮށްގެންތާ، އަހަރުމެން މިމަސައްކަތް ކުރަނީ ޑިފީއަށް މުޅިން އައު ހަނދާންތަކެއް ބިނާކުރުމަށް ހިތްވަރުދޭކަށްނު” ޒަބާ ބުންޏެވެ.

“އެކަމަކު ޒަބާ، ޝަދަފަށް މިކަމުގެ ހިލަމެއްވެއްޖެއްޔާ ކަމަކު ނުދާނެ” އަސްމަހާނު ކަންބޮޑުވެފައި ބުންޏެވެ.

“އަސްމާ ތިހެން އުޅެންޏާ ޑިފީ ގާތު ނުބުންޏަށް އޭނާ ޝައްކު ކުރަން ފަށާފާނެ، އަހަންނަށް ފެންނަނީ ދެން އެކަންތައްމަތިން އަހަރުމެން ވެސް ހަނދާންނައްތާލަން، އޭނާގެ ދަރިއަކާ އަންބެއް ހުރިކަން ހަނދާންނައްތާލާ، އޭރުން އަހަރުމެންނަށް، ޑިފީއަށް ވެސް އެކަން ޤަބޫލުކޮށްދެވޭނީ، އަދި ބުނަންތަ ވާހަކައެއް” ޒަބާ ސީރިއަސްވެލާފައި އަސްމަހާނާ ގާތަށް ޖެހިލިއެވެ. އަދި އަސްމަހާނު “ހޫން!” ލައްވާލުމާއެކު ވާހަކަދައްކަންފެށީ ސިއްރ ގޮތަކަށެވެ.

“އަހަންނަށް ފެންނަނީ ޒައުލްއާ ޑިފީގެ މެދުގައި އޮތް ގުޅުން އެހާ ގާތްވިޔަ ނުދެން، އަސްމާ ހަނދާންނެތުނީތަ، އެކުއްޖާ ޑިފީއަށް ހުރިހާ ވާހަކައެއް ކިޔައިދީފިއްޔާ އަހަރުމެންގެ ހުރިހާ ރޭވުމެއް ފެނަށްވާނެ، އެއްގޮތަކަށްވެސް އަހަރުމެންނާއެކު އޮސްޓްރޭލިއާއަށް ޒައުލް ގެންދާކަށް ނުފެނޭ، ޑިފީ އެއަންހެންމީހާއާ ކައިވެނިކުރި ދުވަހު ވެސް އެންމެ ގާތުގައި ހުރިއެކަކު އެއީ” ޒަބާ ތުންފިއްތާލަމުން އަސްމަހާނާ ހަތަރުކަޅި ބައްދަލުކޮށްލިއެވެ.

“ޝަދަފު، ޒައުލްގެ މަތިން ހަނދާނެއްނުނެތޭ، އެއީ ގިނަދުވަސްވީ ރަޙުމަތްތެރިކަމެއް، ކިހިނެއް އެހާ ފަސޭހައިން އެދެމީހުން ދުރުކުރާނީ” އަސްމަހާނު ދެލޯބޮޑުކޮށްލާފައި ބުނިގޮތުން އެއީ ކުރަން އެހާފަސޭހަކަމެއްނޫންކަން ޒަބާއަށް އެނގުނެވެ. އެހެންނަމަވެސް އޭނާގެ ސިކުނޑީގައި އެވަގުތު އެނބުރިގަތް ޚިޔާލުތައް އަސްމަހާނަށް ކިޔައިދޭންފެށިއެވެ. އަދި އޭނާ ބުނާގޮތަށް ކަންތައްކުރުމަށް ޒަބާ އެދުނެވެ. އަސްމަހާނަކީ އަބަދުވެސް ޒަބާ ދައްކާ ވާހަކަ އަޑުއަހާ މީހެކެވެ. ހަމައެހާ އިތުބާރުވެސް ކުރެއެވެ.

ވާހަކައިގެ ތިބި ދެޒުވާނުންގެ ނަޒަރު ކޮޓަރީގެ ދޮރާދިމާލަށް ހުއްޓުނެވެ. އޭރު ދޮރުހުޅުވާލާފައި ޒައުލް ވަންނަނީ އެވެ. ފެންނަ ފެނުމަށް ހީވަނީ ފެންވަރާލައިގެން ނިކުތީ ދެންމެ ހެންނެވެ. އިސްތަށިގަނޑުގައި ހުރި ތެތްކަމުގެ އަސަރާ މޫނުމަތީގެ ތާޒާކަން އެކަމަށް ހެކިދެއެވެ. ނަމަވެސް އޭނާގެ މޫނުމަތިން ފެންނަނީ ކޮންމެވެސް ކަމަކާ ނުރުހިފައި ހުރިކަމުގެ އަސަރުތަކެވެ. އަދި ޝަދަފުގެ ބަދަލުގައި ޒައުލްގެ ނަޒަރު ހުއްޓިފައި ހުރީ ރީޝަމްއަށެވެ.

“ހޭ ބަޑީ” އެނދުގައި އޮތް ޝަދަފު ހިނިތުންވެލަމުން ބުންޏެވެ.

“ކޮބާ އަސްމާ އާންޓީ، އެކަކު ވެސް ނެތީތަ” ޒައުލް އަވަސްއަރުވާލާފައި ސުވާލުކޮށްލިއެވެ.

“ކޮބާތަ މިތާ މީހަކު ނެތިފަ، ނޫނީ އަހަންނަށް ފެންނަ މަންޒަރު ޒައުލްއަށް ނުފެންނަނީތަ” ސަމާސާ ރާގަކަށް ޝަދަފު މިހެން ބުނެ ބުރަކަށިދަށުގައި އޮތް ބާލީސް ރަނގަޅުކޮށްލިއެވެ. އެހިނދު ރީޝަމް ރަކިގޮތަކަށް ޒައުލްއަށް ބަލާލާފައި ހިނިތުންވެލަމުން އިންތަނުން ތެދުވެ ޒައުލްއަށް އިށީނުމަށް ތަންދެއްކިއެވެ. އެކަމަށް ޒައުލްގެ އެއްވެސް ސަމާލުކަމެއްނުދިނެވެ. އެންމެ ކުޑަމިނުން ރީޝަމްއަށް ހިނިތުންވެސް ނުލިއެވެ. ޖީންސްގެ ދެފަރާތުން ޖީބަށް އަތްޖަހާލައިގެން ހުރެ އޭނާ އައިސް ޝަދަފުގެ އެނދު ކައިރީ މަޑުކޮށްލިއެވެ. އެހަރާކާތްތަކުން ރީޝަމްގެ ނިތްކުރިއަށް ނުތަނަވަސްކަމުގެ ރޫޖެހިގެންދިޔައެވެ.

“އަހަންނަކީ ފެންނަ ކޮންމެ އެއްޗަކަށް ބަލަން އާދަވެފައި ހުރި މީހެއްނޫން، އެހެންނޫނަސް އަހަންނަކީ މީހުންގެ އެއްޗިއްސަށް އަތްގަދަކުރާ މީހެއްނޫން” ޒައުލްގެ ދުލުން ނެރެލި ބަސްތަކުގައި އޮތް ފޮރުވިފައިވާ މާނަ ދުނިދަނޑިއެއް ފަދައިން އަމާޒުކޮށްލީ ފަހަތުގައި ހުރި ރީޝަމްއަށެވެ. ރީޝަމް އިސްއުފުލާ ދެވަނަ ފަހަރަށް ޒައުލްއަށް ބަލާލި ގޮތުން އޭނާ އެބުނީ ކީކޭކަން އެނގޭ ކަހަލައެވެ. ތުންފިއްތާލާފައި އެތަނުން ނުކުންނަން އުޅެފައި ވެސް ހުއްޓުނީ ސިކުނޑިއަށް އެވަގުތު ވެރިވެގަތް ވަރުގަދަ ޚިޔާލެއްގެ ސަބަބުންނެވެ.

“މީނަ މިއުޅެނީ އަހަރެން މިތަނުން ފޮނުވާލާނަމޭ ހިތާ ކަންނޭނގެ، އަނެއްކާ ޑިފީ މެރީޑްކަން ބުނެފިއްޔާ ދެންވާނީ ކިހިނެއް، އަސްމާ އާންޓީ ވަނީ ޑިފީގެ މެރީޑް ލައިފްއާ ބެހޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ޒައުލްއަށް އަންގާފައި، އެކަމަކު ހީވަނީ އެވާހަކަތައް ޑިފީ ގާތު ބުނަން އުޅޭހެން، މިވަގުތު އަހަރެން ނުކުމެގެން ގޮސްފިއްޔާ އޭނާއަށް އެދެވުނީ ވަރަށް ރަނގަޅު ފުރުޞަތެއް އެވާހަކަތައް ޑިފީ ގާތު ދައްކަން… ނޫން! ނޫން! ނުދާނަން މިތަނަކުން… ހެޔޮ ކޮންމެ އެއްޗެއް ކިޔަސް، ކިޔާ އެއްޗެއް ކިޔަން ޖެހޭނީ އެގޮތަށް އެހެން މީހުންނަށް ނޭނގޭނޭހެން، ޔަޤީނުން ވެސް ދިމާލަށް އެއްޗެއް ބުނާކަށް ނުކެރޭނެ، އަހަރެން ހުރިއްޔާ ޑިފީ ގާތު ވެސް އެއްވެސް ވާހަކައެއް ދައްކާކަށް ނުކެރޭނެ…” ފުރަގަސްދީގެން ހުރި ޒައުލްއަށް ލޯހިމަކޮށްލައިގެން ރީޝަމް ބަލަން ހުރި އިރު އޭނާގެ އަމިއްލަ ނަފްސާ ވާހަކަދައްކަމުން ދިޔައެވެ.

“ޒައުލް، ސީރިއަސްލީ… ކީކޭ ތިކިޔަނީ، އެންމެން ވެސް ހާދަ ބަދަލުވެއްޖެޔޭ ދޯ، އަހަންނަށް ހީވަނީ ޓައިމް ޓްރެވެލް ކުރެވިގެން އުޅޭހެން، ދިސް އިސް ރިއަލީ ވިއާރޑް، އެކަކުވެސް ވެގެން އުޅޭގޮތެއް ނުބުނޭ، ބޮޑު އެކްސިޑެންޓެއް ވިއެއްކަމަކު އަހަރެން ހަނދާނެއްނެތް ކޮންއިރަކުކަމެއް އެކަމެއް ހިނގީ، އެނގޭތަ މިއުޅެނީ އޮސްޓްރޭލިއާއަށް ޝިފްޓުވާންވެގެން، އަހަންނަށް ބޮޑަށް ހީވަނީ މަންމަ މިތަނުގެ ޑޮކްޓަރުންނާ މެދު ހިތްހަމަނުޖެހުނީހެން، އެނގެއެންނު މަށަށް ކުޑަކުޑަ ކަމެއްވިޔަސް މަންމަ އުޅޭގޮތް، އަހަރެން ވެސް މިހުންނަނީ އެކަމާ ޝަކުވާ ނުކުރަންވެގެން، އަސްލު ދާހިތެއްނެތް، މިހާރު ބޭނުންވަނީ ގެއަށް ދާން، ކިހާ ދުވަހަކު މިހެން ބޭރުގައި އުޅެވިއްޖެ، މާލެ ދާންވީއޭ ހިތަށްއަރަނީ، ހަނދާނެއް ވެސް ނެތް މާލެ އޮންނަ ގޮތެއް، އެތަން ވެސް ވަރަށް ބަދަލުވެދާނެ ދޯ، އިންސްޓަރގްރާމް އާއި ފޭސްބުކް ފޮޓޯތަކުން ވަރަށް ތަރައްޤީވެފައި އޮތްކަން ފާހަގަކުރެވޭ، ހާދަ ސަޅިއޭ ގާޑަންވިއުގެ ފޮޓޯތައް” ޝަދަފު ވާހަކަދައްކަމުން ދިޔައިރު އޭނާގެ ގާތުގައި ޒައުލް ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. ޝަދަފުގެ ވާހަކަތަކުން އޭނަ ކުޑަކޮށް ވެސް ޢިޒްވާ އާއި މިރާންގެ މަތިން ހަނދާންނެތީތީ ޒައުލްގެ ހިތަށް ވެސް އަސަރުކުރިއެވެ. އެވަގުތު ހެއްދެވި ފަރާތަށް ދުޢާކޮށްލެވުނީ ޝަދަފުގެ ދިރިއުޅުމުން ގެއްލިފައިވާ ދުވަސްތައް އަނބުރާ ލިބުމަށް އެދިއެވެ. އަދި އެފަދަ ހާލަތަކަށް އޭނާ ދުވަހަކުވެސް ގޮސްދާނޭފަދަ އެއްވެސް ކަމެއް މިންވަރު ނުކުރެއްވުމަށެވެ.

“ޒައުލް، ކީއްވެތަ އެއްޗެކޭ ނުބުނީ” ޝަދަފުގެ އަޑުފަނޑުވެ އަމިއްލަ ޚިޔާލުތަކުގެތެރެއަށް ގެނބެމުންދިޔަ ޒައުލް ސިހިގެން ދިޔައީ ޝަދަފު އޭނާގެ އަތުގައި ޖަހާލުމުންނެވެ.

“އޭނ! ކީކޭ؟” ޒައުލްއަށް ބުނެލެވުނެވެ.

ރީޝަމް ހުރީ ފަރުވާވެ ޒައުލްގެ ހަރަކާތްތަކަށް ބަލާށެވެ. ގިނައިރެއްނުވެ ޝަދަފު އާއި ޒުއުލްގެ ވާހަކަތަކުގައި ރީޝަމް ބައިވެރިވިއެވެ. އެހެންވެ ގަސްދުގައި ޒައުލް ވާހަކަ ބަދަލުކޮށްލިއެވެ

“ރީޝަމް ނުބުނޭތަ އޭނާ މީހަކާ އިންނަން އުޅުނު ވާހަކައެއް” ޒައުލް މިހެން ބުނުމުން ރީޝަމްގެ ދެލޯ ބޮޑުކޮށްލެވުމާއެކު އެނދުގައި އޮތް ޝަދަފަށް އޭނާއަށް ބަލާލެވުނެވެ. އެހިނދު ޒައުލްގެ ތުންފަތަށް ފަނޑުފަނޑު ހިނިތުންވުމެއް ވެރިވެގެންދިޔައެވެ.

“ވަޓް؟ ޤަބޫލެއް ނުކުރާނަން، ރީޝް މެރީޑްތަ” ޝަދަފު އަޖައިބުވެފައި އަހާލީ ޤަބޫލުނުކުރެވިފައި އިން ގޮތަކަށެވެ.

“އެއީ… އެއީ…. އައެމް ނޮޓް މެރީޑް” ރީޝަމްއަށް ކުއްލިއަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާ ކައިވެނިކުރަން އުޅުނީ ޝަދަފާކަން ބުނަން އެވަގުތު ޖެހިލުންވީއެވެ. މާޒީގެ އެއްވެސް ކަމެއް ހަނދާންކޮށްދޭން ބޭނުންނުވާތީ ވެސް މެއެވެ.

“އެއީ މަޖާކަމެއް، ޢާއިލާ އިން އުޅުނީ އެރޭންޖް މެރިއޭޖެއް ކުރުވަން، އެކަމަކު އެފިރިހެން ކުއްޖާ ވަރަށް ލޯބިވާ އަންހެން ކުއްޖަކު އޭރު ހުރި، އޭނަ ކިޔައިވައިގެން މާލެ އައިތަނާ ކަމަށްވަނީ އެއަންހެން ކުއްޖާއާ ދިމާވީ، އެކަން ޢާއިލާއަށް އެނގިގެން ހުއްޓޭ ފޯރިދއްކާލާފަ….” ސިކުނޑިތެރޭގައި ނަފުރަތުގެ އަލިފާންގަނޑު ކެކިއަރަމުންދިޔައިރު ޒައުލްގެ މޫނުމަތިން އެކަމެއް ފާޅެއް ނުވެއެވެ. މަޖާވެލާފައި އިންފަދަ ގޮތަކަށް އޭނާ ރީޝަމްއަށް ޖެއްސުމަށް ވާހަކަދައްކަމުން ދިޔައެވެ. އޭނާގެ ވާހަކަތަކުން ޝަދަފުގެ ހަނދާނަށް ކުޑަކޮށް ވެސް އަސަރެއް ކުރާނެނަމައޭ ޒައުލްގެ ހިތަށް އަރަމުންދިޔައެވެ.

“އެއީ އަހަރެން ދައްކަން ބޭނުން ވާހަކައެއްނޫން، ޕްލީޒް ސްޓޮޕް އިޓް ޒައުލް” ތެޅިތެޅި އޮތް ހިތާއެކު ނުރުހިފައި ރީޝަމް ބުނެލިއެވެ.

“ކޮބާ މިހާރު އެފިރިހެން ކުއްޖާ” ޝަދަފު ހީނލާފައި ސުވާލުކޮށްލިއެވެ.

“އޭނާ ލޯބިވާ އަންހެން ކުއްޖާއާ އިނދެގެން ލޯބިލޯބި ހަތަރުއަހަރުގެ ދަރިއަކު އެބަހުރި، މިރާން ކިޔަނީ” ޖެހިލުމެއްނެތި ޒައުލްގެ ދުލުން މިރާންގެ ނަންކިޔާލުމާއެކު ރީޝަމްއަށް އިތުރަށް ކެތެއްނުވިއެވެ.

“ދެޓްސް އިނަފް ޒައުލް، ތިވާހަކަތައް އިތުރަށް ދައްކަންޏާ މިތަނުން ދާންއުޅޭ” ރީޝަމް ދެލޯއަޅާލަމުން ޒައުލްއަށް ޝަހާދަތްއިނގިލި ދިއްކޮށްލައިގެން ހުރެ ބުންޏެވެ.

“ކާމް ޑައުން ރީޝް، އެއީ މައްސަލައެއްނޫނެންނު، ޒައުލް މަޖާކޮށްލީ އެންނު” ޝަދަފަށް ޒައުލްދެއްކި ވާހަކައާ މެދު ވިސްނާލެވުމުގެ ބަދަލުގައި ރީޝަމް އުޅެންފެށިގޮތުން އޭނާގެ ސަމާލުކަން ރީޝަމްއަށް ހުއްޓުނެވެ.

“އިޓްސް ފަރސަނަލް، ޒައުލްއަކަށް ވެސް ނޯންނާނެ އެވާހަކަތައް ދެއްކުމުގެ ހައްޤެއް” ރީޝަމް މަތިއޮމާންކޮށްލުމުގެ ގޮތުން ބުންޏެވެ.

“ހައްޤޭ… ހައްޤުގެ ވާހަކަ ރީޝަމް ނުދެއްކިއްޔާ އެންމެ ރަނގަޅުވާނީ، ތިކުރެވޭ ކަންތައް ރީޝަމްއަށް އެބައެނގޭތަ”

“ޒައުލް…. ކިހިނެއްތަ މިވަނީ” ކޮޓަރިއަށް ވަން އަސްމަހާނުގެ އަޑާއެކު ޒައުލްއާ ރީޝަމްގެ އަޑު ކަނޑައިގެން ދިޔައެވެ.

“ދެމީހުން ވެސް ބޭރަށް، މިތަނުގައި އަޑުގަދަ ކުރާނެކަމެއްނެތް” އަސްމަހާނުގެ ފަހަތުން ކުރިއަށްނުކުމެލި ޒަބާ އަތުންއިޝާރާތްކޮށްލަމުން ބުންޏެވެ. އަސްމަހާނު ފެނުމުން ތެދުވެއިން ޝަދަފު އަވަސް އަވަހަށް ބާލީސް ރަނގަޅުކޮށްލާފައި އޮށޯވެއްޖެއެވެ. އޭނާ ތެދުވެ އުޅޭނަމަ އަސްމަހާނު ހިތްހަމަނުޖެހޭނެތީއެވެ.

“ކަލޭމެން ދެމީހުނަށް ކިހިނެއްތަ ތިވަނީ” ރީޝަމް އާއި ޒައުލްގެ މޫނުމަތިން ފެންނަމުން ދިޔަ ނުރުހުމުގެ އަސަރު ފާހަގަކުރެވުނު ޒަބާ އަހާލިއެވެ. އޭރު ކޮޓަރީގެ ދޮރުލައްޕާލާފައި އަސްމަހާނު ވެސް އައިސް އެމީހުންގެ ކައިރީ މަޑުކޮށްލަނީއެވެ.

“ޕާސްޓުގެ ވާހަކަ ނުދައްކާށޭ އަސްމާއާންޓީ ބުނުއްވިއެންނު، އަޅުގަނޑަށް ހީވަނީ ޒައުލްއަށް އެއަޑު ނީވެނީހެން” ރީޝަމްގެ އަޑުގައި ހުރީ ޖެއްސުމުގެ ރާގެވެ.

“ކީކޭތަ ޒައުލްކީ” ކަންބޮޑުވެފައި އަސްމަހާނު އަވަސް އަވަހަށް އަހާލިއެވެ.

“ޒައުލް ބޭނުންވަނީ ޑިފީ މެރީޑްކަން އަންގައިދޭން، ވައިފްއަކާ ކިޑްއެއް ހުރިކަން ވެސް” ރީޝަމް، ޒައުލްއަށް ލޯއަޅާލާފައި އަސްމަހާއަށް ބަލާލީ މައުސޫމު ގޮތަކަށެވެ.

“ދިސް އިސް ވެރީ ރޯންގް” ޒައުލް ދަތްތައްޖައްސާ ބާރުކޮށްލަމުން އެތަނުގައި ތިބި ކޮންމެ މީހެއްގެ މޫނަށް ވަކިވަކިން ބަލާލިއެވެ.

“ޑޯންޓް ވޮރީ ހީޒް ލީވިންގ ނައު” ޒަބާ އެއްވެސް އަސަރެއް ނެތްފަދަ ގޮތަކަށް ޒައުލްއަށް ބަލާލިއެވެ. ހައިރާންވެފައި ޒަބާއަށް ބަލާލި ޒައުލް ދެފަރާތަށް ބޯހޫރާލީ އޭނާއަށް ކުރެވޭނޭ ކަމެއްނެތްކަން އެނގިހުރެއެވެ. އައިސްފައި ހުރި ރުޅީގައި ޒައުލްގެ ދެބުމަށް ގޮށްޖަހާލިއެވެ. މަޑުކުރުމެއްނެތި އެމީހުންނަށް ފުރަގަސްދެމުން ހިނގައިގަތީ ރުޅީގައި ހުރެ އެއްޗެއް ބުނެވިދަނެތީއެވެ.

“އަސްމާ، އަހަރެން ބުނިތަން މިފެންނަނީ، ޝަދަފު ކަންކަމާ ސުވާލުކުރަން ފެށުމުގެ ކުރިން އޭނާ ގޮވައިގެން އަވަހަށް ފުރަންވީ” ޒައުލް ގޮސް އޮބާލަންދެން ބަލަންހުރެފައި ޒަބާ އައިސް އަސްމަހާނުގެ ކޮނޑުގައި އަތްޖައްސާލަމުން މަޑުމަޑުން ބުންޏެވެ. ފުންނޭވާއެއްލަމުން އަސްމަހާނު ބޯޖަހާލީ އޭނާއަށް ވިސްނިއްޖެކަން އަންގާލުމުގެ އިޝާރާތެއްގެ ގޮތުންނެވެ. ކަންބޮޑުވިޔަސް މޫނުމަތިން އެކަމުގެ އަސަރުތައް ފިލުވާލަމުން ހިނިތުންވެލައިގެން ތިބެ ތިންމީހުން އެނބުރި ޝަދަފު ބާއްވާފައި އޮތް ކޮޓަރިއަށް ވަނެވެ.

* * * *

ޢާއިލާއާއެކު ވަގުތު ހޭދަކުރުމަށް ލިބުނެއްކަމަކު ޝަދަފަށް ބަޔާންކުރަންނޭނގޭ ހުސްކަމެއް އެނާގެ ދިރިއުޅުމުގައިވާކަން އިހުސާސް ކުރެވެމުންދިޔައެވެ. މާހައުލު ތަފާތުވިއެއްކަމަކު އެކަމުން އޭނާއަށް ލިބުނު ހިތްހަމަޖެހުމެއްނެތެވެ. އަނެއްކޮޅުން އޭނާއަށް ކުރެވުމުން ދިޔަ އިޙުސާސްތަކުގެ ވާހަކަ އެހެން މީހަކާ ހިއްސާކުރާކަށް ޝަދަފު ބޭނުމެއްނޫނެވެ. ގިނަވަގުތު އޭނާގެ ގާތުގައި ރީޝަމް އުޅުނެއްކަމަކު ހިތައްއަރާ ކޮންމެ ވާހަކައެއް ޝަދަފަކަށް ނުބުނެވެއެވެ.

އޮސްޓްރޭލިއާއަށް ބަދަލުވިތާ އަހަރުވާންއުޅުނުއިރު ވެސް ޝަދަފުގެ ބޮލުގައި ދޭތެރެ ދޭތެރެއިން ރިހެއެވެ. އެހެންވެ އަދިވެސް އޭނާ އެކަމަށް ފަރުވާ ހޯދައެވެ. ނަމަވެސް އޭނާ މިހާރު އެއްގޮތަކަށް ވެސް އެތަނުގައި އުޅޭހިތެއްނެތެވެ. ތަރަފް އާއި ރަސަލް އެމީހުންގެ ގާތަށް އަންނަނީ ޗުއްޓީގައި އަންނަ އުސޫލުން ދުވަސް ދުވަސްކޮޅުންނެވެ. އެކަމާ ޝަދަފު ސުވާލުކުރެއެވެ. އީޝާ އާއި އޭނާގެ ފިރިމިހާ ވެސް ތިބެނީ މާލޭގައެވެ. ވީއިރު ހަމައެކަނި ޝަދަފާ އަސްމަހާނު ރާއްޖޭން ބޭރުގައި ތިބެންވީ ކީއްވެތޯ އޭނާ ސުވާލުކުރެއެވެ. އެސުވާލަށް ޖަވާބުދޭން ތަރަފް ބޭނުމެއްނުވެއެވެ. އެހެންވެ ކޮންމެ ފަހަރަކު ވާހަކަ ބަދަލުކޮށްލަނީއެވެ. އަސްމަހާނާ ސުވާލުކޮށްފިނަމަ އޭނާ ބަހަނާއެއްކަމުގައި ދައްކަނީ ހިނގާދިޔަ އެކްސިޑެންޓެވެ. އެކަމުގެ ސަބަބުން ޝަދަފަށް ލިބުނު އަނިޔާ އަދިވެސް ރަނގަޅުނުވާކަމުގައެވެ. ޝަދަފުގެ ސުވާލައް ގިނަވަމުން އަންނާތީ އެކަމާ އަސްމަހާނު އާއި ޒަބާ ވެސް ތިބެނީ ވަރަށް ހާސްވެފައެވެ. އެމީހުން ޝަދަފުގެ ހަނދާންތައް އަތުވެދާނެތީ އެކަމާ ބިރުގަނެއެވެ. މާލެ ދާން ބޭނުންނުވަނީ އެހެންވެއެވެ.

“އަހަންނެކޭ މިތަނަށް އަރުވާލާފައި ހުރި މީހެކޭ ކޮބާ ތަފާތެއް؟ މަންމަ ހިތްހަމަޖައްސާދޭންވެގެން މިކޮޅުގައި ހުރެވިއްޖެއެންނު” ބެލްކަނީގެ ރެއިލިންގައި އަތްއަޅުވާލައިގެން އޮތް ޝަދަފު އޭނާގެ ގާތުގައި ހުރި ރީޝަމްއަށް ބުނެލިއެވެ.

އޮސްޓްރޭލިއާއަށް ބަދަލުވީސުރެން ޝަދަފު ކަމަކާ ޚިޔާލު ބަދަލުކޮށްލަންވެއްޖެނަމަ ވާހަކަދައްކާ ހަމައެކަނި ފަރާތްކަމުގައި ރީޝަމްވަނީ ވެފައެވެ. ޒައުލްއާ އޮތް ރަޙުމަތްތެރިކަމަށް ދުރުކަމެއް އައުމާއެކުވެސްމެއެވެ. ރީޝަމްއަކީ ރަނގަޅު ރަޙުމަތްތެރިއެއްކަމުގައި އޭނާ ޤަބޫލުކުރެއެވެ. އެއީ ކުޑަކުޑައިރުން ފެށިގެން އެދެމީހުންގެ މެދުގައި އުފެދިފައި އޮތް ރަޙުމަތްތެރިކަމެއްވީމައެވެ. އަދި ރީޝަމްއާ އެކުގައި އުޅެން ފުރުޞަތު ލިބުމުން އޭނާގެ މިޒާޖާ އޭނާގެ ވިސްނުން ޝަދަފަށް އެނގޭތީއެވެ. ޒައުލްއާ ވާހަކަދައްކައިފިނަމަ ފޯނުކޯލު ނިމޭއިރު ދެމީހުންގެ ދޭތެރޭގައި ކޮންމެފަހަރަކު ވެސް ޖެހޭ މައްސަލައެއްކަމުގައި ރީޝަމްވެއެވެ. ޒައުލްއަށް އެއްގޮތަކަށްވެސް ރީޝަމް ކަމަކު ނުދެއެވެ. އެކަމާ ޒައުލްއާ އެއްބަސްވާކަށް ޝަދަފު ބޭނުމެއްނޫނެވެ. އެދެމެދަށް އަންނަމުންދިޔަ ދުރުކަމަކީ ރީޝަމްއާ ގުޅިފައިއޮތް ކަމެއްކަން ޝަދަފު އެކަކު ގާތު ވެސް ނުބުނެއެވެ. ހިނގިއެކްސިޑެންޓާއެކު ޝަދަފުގެ ހަނދާނުން ބައެއް ގެއްލިފައިވާކަން އޭނާއަށް އެނގެއެވެ. އެހެންވިޔަސް އޭނާ އެހަނދާންތައް އިޔާދަކުރުމަށް މަސައްކަތްކުރެއެވެ. ކުރިން އޭނާގެ ދިރިއުޅުން ހުރިގޮތާމެދު ރީޝަމްއާ ސުވާލުކުރަނީ އޭނާގެ މައްޗަށް އެހާ ޔަޤީންކަން އޮވެގެންނެވެ. އަނެއްކޮޅުން ރީޝަމް ހުންނަނީ ޝަދަފުގެ ހަރަކާތްތަކަށް ފާރަލާށެވެ. ކުޑަކުޑަ ބަދަލެއް ޝަދަފުގެ އުޅުމަށް އަޔަސް އޭނާ އެކަން އަސްމަހާނާއި ޒަބާއަށް އަންގައެވެ. އެކަމެއް ޝަދަފަކަށް ނޭނގެއެވެ. އޭނައަށް ހަމައެކަނި އެނގުނުކަމަކީ، ރީޝަމް ނުބުނިކަމުގައި ވިޔަސް ރީޝަމްގެ ހިތުގައި އޭނާއަށް ޚާއްސަކަމެއް ދެވިފައި އޮތްކަމެވެ. އެކަމާ އެއްވެސް ސުވާލެއް ކުރަން ޝަދަފު ބޭނުންނުވަނީއެވެ. އެހެންވެ އެކަން އެނގޭކަމަކަށް ޝަދަފު ނުހަދައެވެ. ރީޝަމް ވެސް އިސްނަގާ އެފަދަ ވާހަކައެއް ޝަދަފާ ނުދައްކާތީ، އެފަދަ ޚިޔާލެއް ސިކުނޑިއަށް ގެންނަން ވެސް ޝަދަފު ބޭނުންނުވަނީއެވެ.

“މަންމަމެންނާ އަދި އެއްފަހަރު އެވާހަކަދައްކަންވީނު، ޑިފީ މިކޮޅުގައި ހުންނަން ތިހާ ފޫހިވަންޏާ ހިނގާ އެހެންތަނަކަށް ދަމާ” ހެނދުނުގެ ނާސްތާ ނެގުމުގެ ކުރިން ކޮފީމަގެއް ހިފާލައިގެން ހުރި ރީޝަމް ޚިޔާލުދިނެވެ. ހެނދުނު ހަތެއްޖެހިއެއްކަމަކު ފަޒާގައި ހަރުލާފައިވާ ދުންފިނީގެ ސަބަބުން ދުނިޔެމަތި ފެންނަނީ ފުސްކޮށެވެ. ކޮފީމަގުގައި ދެއަތުން ހިފާލައިގެން ރީޝަމް ހުރިއިރު އިރުއިރުކޮޅާ ފަހަރަކު އަތެއްގެނެސް ކޯތާފަތުގައި ޖައްސާލަނީ އޭނާގެ ގައިގާ ބީހެމުންދިޔަ ފިނިފިނި ވައިރޯޅިތަކުން ސަލާމަތްވުމަށެވެ. އޭރު އެއިން އެއްވެސް ކަމަކަށް ފަރުވާލެއްނެތިފައި ޝަދަފު ހުއްޓެވެ. އޭނާ ކިޔަވަން އުޅުނުއިރު ހުންނަގޮތަށް ބޮލުގެ އިސްތަށިގަނޑު ދިގުވެގެން ކޮނޑާ ހަމައަށް ފައިބާފައި އޮތެވެ. ތުނިކޮށްލެވިފައި ހުރި ތުނބުޅި މަތިމަސް ހުރީ ފްރެންޗު ސްޓައިލަށް ހަދާލާފައެވެ. އޭނާގެ ގިނަވަގުތު ހޭދަވަނީ ޖިމްގައި ކަމަށްވާތީ ކުރިއަށްވުރެ ވެސް ޝަދަފުގެ ހަށިގަނޑު ވަރުގަދަކަމަށް ދައްކައެވެ. ހުވަފެނީ ގޮތަކަށް ރީޝަމް، ޝަދަފަށް ބަލަހައްޓައިގެން ހުރީ ހިނިތުންވެލައިގެންނެވެ.

“ރީޝް… ހެލޯ…” ބެލްކަނީގެ ރެއިލިންނުން އަތްނަގާ ދެއަތްފުޅާކޮށްލާފައި ހަށިގަނޑު ދަމާލަމުން ޝަދަފު އެތެރެއަށް ވަންނަން އެނބުރިލިއިރު އޭނާއަށް ގެއްލިފައި ހުރި ރީޝަމް ފެނި ފުއްޓަތްކެއް ޖަހާލަމުން ގޮވާލިއެވެ.

“ކޮންކަމަކަށް ގެއްލިފަ؟” ރީޝަމް އަވަސް އަވަހަށް އިސްޖަހާލުމުން ޝަދަފު އަހާލިއެވެ.

“ސައިބޯންތަ މިދަނީ، ކޮފީ ހޫނެއްވެސް ނޫން މިހާރު، އެހެންވެ ބޯހިތް ކެނޑިއްޖެ” ރީޝަމް ފެށީ މުޅިން އެހެން ވާހަކައެކެވެ.

“ސައިބޯން ވެސް ދެވިދާނެ، އެކަމަކު އަހަރެން އެހާ ބަނޑުހައެއްނޫން، ރީޝް ސައިބޮންދެން މަޑުކޮށްލެވިދާނެ، ދެން އެހެންކޮންކަމެއް އޮތީ، މޫސުން ވެސް އެހާ ސަކަރާތް، ހަފްތާއެއްކޮށް މިދަނީ ބޭރަށް ނުކުމެނުލެވި” ޝަދަފު ޝަކުވާކޮށްލިއެވެ.

“މިހާރު މަންމަމެން ވެސް ތިބޭނެ ސައިބޯން، މާލެ ނުދިޔަޔަސް އަހަރުމެންނަށް އެހެން ޤައުމަކަށް ދެވިދާނެއެންނު، ނޫނީ މިތާ ކައިރީ ތަނަކަށް ވެސް ދެވިދާނެއެންނު” ރީޝަމް ބުނި އެއްޗެއް ޝަދަފަކަށް ކަމަކު ނުދިޔައެވެ.

“އަޖައިބެއްނުވާނެތަ، ކީއްވެހޭ މާލެ ނުދެވޭންވީ، ގައިމު އަހަރެންގެ ޕާސްޕޯޓުގަ ވެސް އޮންނަނީ އަހަންނަކީ ދިވެހިރައްޔިތެއްކަމަށް، އަހަރެން ރާއްޖެއަށް ނޭރޭވަރުގެ ކުށެއްނުކުރަން، ނޫނީ އަހަންނަށްކުރެވުނު ކުށުގެ މަތިން ހަނދާންނެތިފަތަ މިހިރީ، ރީޝް ބުނީމެންނު އަހަންނަކަށް މާބޮޑުކަންތައްތަކެއް ހަނދާނެއްނުނެތެއޭ، އަހަރެން ހަނދާންކުރަންޖެހޭވަރުގެ ޚާއްސަކަމެއް ކުރެވިފައެއްނެތޭ” ސިކުނޑީގައި އުފެދެމުންދިޔަ ސުވާލުތަކުން ޝަދަފުގެ ބޮލުގައި ރިއްސާލިއެވެ. މަޑުމަޑުން އިނގިލިތަކުގެ ކުރިން ނިތްކުރީގައި އަޅާއޮބާލިއެވެ.

“ޑިފީ، ތިވަރަށް ނުވިސްނަބަލަ، އަހަރެން އަސްމާއާންޓީ ގާތު ތިވާހަކަދައްކާނަން، ތިވަރަށް ވިސްނާތިވެގެންނޭ ބޮލުގައި ރިއްސަނީ، ރީޝް ބުނީމަ ދެން ޤަބޫލުކޮށްބަލަ” ފަހު ޖުމްލައާއެކު ރީޝަމް ކުޑަކޮށް ގާތްވެލާފައި ޝަދަފުގެ އަތުގައި ހިފާލިއެވެ. ބޯޖަހާލި ޝަދަފު އޭނާގެ އަތުން ރީޝަމްވަކިކޮށްލުމަށް އެއްވެސް މަސައްކަތެއް ނުކުރިއެވެ. އެއްއަތް ޖީބަށް ޖަހާލައިގެން ހުރެ ރީޝަމްއާއެކު ސައިކޮޓަރިއަށްވަނެވެ. އޭރު އަސްމަހާނާއި ޒަބާ އޮލަވާހަކައެއްގައި ތިއްބެވެ. ޝަދަފު އާއި ރީޝަމް އަތުގައި ހިފާލައިގެން ގާތްގޮތަކަށް އައިސް އެތަނަށް ވަންތަން ފެނި އަސްމަހާނާއި ޒަބާގެ މޫނުމަތި ވަގުތުން އުޖާލާވެގެންދިޔައެވެ. އަވަހަށް ކުދިންނަށް ސައިތައްޔާރު ކޮށްދޭން ދެމީހުން އެކުގައި ތެދުވިއެވެ.

“މަންމާ، އަޅުގަނޑަށް މާލެ ނުދެވޭންވީ ސަބަބެއް ނުވިސްނުނު، އެކަކަށް ވެސް ރަނގަޅު ރީޒަންއެއް އަޅުގަނޑަކަށް ނުދެއްކުނު، އެހެންވެ އަޅުގަނޑު ނިންމައިފިން ވަކިގޮތެއް” ޝަދަފު ގޮނޑި ދަމާލާފައި އަނބުރާލަމުން އިށީނދެ ގޮނޑީގެ ލެނގޭބައިގައި ދެއަތްއަޅާލާފައި އަސްމަހާނާ ވާހަކަދައްކަންފެށިއެވެ. އޭނާގެ އެހަރަކާތުން އެކަނިވެސް ޝަދަފު އެއިނީ ސައިބޯން ބޭނުންވެފާނޫންކަން އަސްމަހާނަށް އެނގުނެވެ.

“މާލެ… މާލެ… މަންމަ ނޫޅެމޭ ކޮންމެހެން ޝަދަފު ގޮވައިގެން މާލެ ނުދާކަށް، އެކަމަކު އަދި ކުޑަދުވަސްކޮޅަކަށް މަޑުކޮށްލަންވީނު” އަސްމަހާނު ތަށިގެނެސް ރީޝަމް އާއި ޝަދަފުގެ ކުރިމަތީ ބަހައްޓަމުން ބުންޏެވެ.

“އާންޓީ، އަޅުގަނޑަށް ހީވަނީ މިހާރު ޑިފީ ރަނގަޅުހެން، މާލެ ނުދެވޭހާ ޑިފީ ބައްޔެއްނޫން، އޭރުން ފަހަރެއްގައި ޑިފީގެ ބޮލުގައިރިއްސުން ވެސް ފިލާފާނެހެން ހީވަނީ” ރީޝަމް މިހެންބުނުމުން، އަސްމަހާނާއި ޒަބާގެ ނަޒަރު ވަގުތުން ހުއްޓުނީ އޭނާއަށެވެ. ބަސްހުއްޓިފައި މަދު ސުކުންތުކޮޅަކު އެމީހުން ތިބީ އެހެންއެބުނީ ހަމަ ރީޝަމްބާއޭ ހިތަށް އަރާފައެވެ.

“ޑިފީ ކޮންކަމެއް ނިންމައިގެންތަ ތިއައީ؟” ޒަބާ ހިމޭންކަން ފޫދުއްވާލިއެވެ.

“ފެށޭ ހަފްތާގައި މާލެދާން، އަޅުގަނޑު އަތުގައި ފައިސާނެތަސް ޒައުލްއަށް ގުޅައިގެން ޓިކެޓު ހޯދަފާނަން، އޭރުން އެކަކު ޤަބޫލު ނޫނަސް މާލެ ދެވޭނެ” ޝަދަފު ވަރަށް ފަސޭހައިން ރާވައިފައި އޮތްގޮތް ކިޔާލަދިނެވެ. ޔަޤީނުން ވެސް އަސްމަހާނު ކަންބޮޑުވާނެކަން އެނގި ހުރެއެވެ.

“ނޫން! އެހެންނުހަދާތި، މަންމަ އޭރުން ވަރަށް ދެރަވާނެ، ޝަދަފު އެކަހަލަ ކަމެއް ނުކުރައްޗޭ، މަންމައެއް ނޭނގި ނުދައްޗޭ، ދެން ތިވާހަކަ ނުދައްކާ، މަންމަ ތިކަމާ ވިސްނާނަން، އެންމެ ރަނގަޅެންނު” ހާސްވެފައި ހުރި އަސްމަހާނު އަވަސްއަވަހަށް ވާހަކަދެއްކިއެވެ. އެއްޗެއް ނުބުނެއިން ޝަދަފު އަނެއްކާ ވެސް އޭނަގެ ބޮލުގައި އަތްހާކާލިއެވެ.

“ބޮލުގައި ރިއްސަނީތަ؟ ދަރިފުޅު ކޮޓަރިއަށް ދާންވީނު، މަންމަ ކޮޓަރިއަށް ސައިގެންގޮސްދީފާނަން” އަސްމަހާނު އޯގާތެރިކަމާއެކު ބުނެލިއެވެ.

“ސައިބޯހިތެއްނެތް” ޝަދަފު ތެދުވެގެން ހިނގައިގަތީ އެތަނުން ނުކުތުމަށެވެ. އޭނާގޮސް އޮބާލުމުން ޒަބާ ސައިކޮޓަރިން ބޭރަށް ނުކުމެ ޝަދަފުގެ ހިލަމެއްވޭތޯ ބަލާލިއެވެ. އަދި ފެންނަންނެތުމުން އައިސް މޭޒުކައިރީ އިށީނދެ ރީޝަމްއަށް ބަލާލީ ހައިރާންވެފައި އިނދެއެވެ.

“ދަރިފުޅުވެސް ޑިފީއަށް އެއްބާރުލުންދެނީތަ، މާލެ ދިޔައީމަ ވާނޭގޮތް އެނގެއެންނު” އެތާ ކައިރީ ޝަދަފުނެތްކަން ޔަޤީންވާއިރު ވެސް ޒަބާއަށް ވާހަކަދެއްކުނީ ސިއްރުންނެވެ. އަސްމަހާނު ވެސް އިނީ ހައިރާންވެފައެވެ.

“އަޅުގަނޑަކަށް ހިޔެއްނުވޭ ޑިފީގެ ހަނދާންތައް ދުވަހަކުވެސް ދެން އެނބުރި އަންނާނެހެން، ޑިފީ ނުވެސް އުޅޭ ހަނދާންކުރާކަށް ވެސް، ހިތަށްއެރީ މާލެ ދިޔަޔަސް އަޅުގަނޑު ހުންނާނެވިއްޔާއޭ އެންމެ ގާތުގައި، ޒައުލްއާ ވެސް އެހާ ގުޅުމެއް ނޯވޭ، އޭނާ ކޮންމެ އެއްޗެކޭ ބުންޏަސް މިހާރު ޑިފީ ޤަބޫލެއް ނުކުރާނެ، މިހާރު އެއަންހެންމީހާ ވެސް ނުހުންނާނެކަންނޭނގެ މާލެއަކު، އެނބުރި ރަށަށް ހިނގައިދާނެ، އެއްވެސް ގޮތެއްނެތީމައި ދެންޖެހޭނީ ރަށަށް ދާކަށްނު” ރީޝަމް ބުންޏެވެ.

“އެހެންވިޔަސް ކަންކަން ޔަޤީންކުރަން އަދި މާއަވަސް” އަސްމަހާނު ބުނެލިއެވެ.

“އަސްމާ، އެބައޮތް ވަރަށް ރަނގަޅު ގޮތެއް، ޑިފީ ބޭނުންވަނީ މާލެދާކަށްނު، ހިނގާ މިކޮޅުގައި ޑިފީ އާއި ރީޝަމްގެ ކައިވެނީގެ ވާހަކަދައްކަމާ، ކައިވެނިކޮށްގެން މާލެ ދިއުމަކުން ގޯހެއްނެތެންނު، ޒިޔާން ހުންނާނެ އެންނު އެކޮޅުން ހުރިހާ ކަމެއް ހަމަޖައްސާލަދޭން” ޒަބާ ބުންޏެވެ.

“އާން! ތީރަނގަޅު ގޮތެއް، ތިވާހަކަ އަހަރެން ޝަދަފާ ދައްކާނަން، އެނގިދާނެއެންނު އޭނާ ބުނާއެއްޗެއް، ހުރިހާ ވެސް މައްސަލައަކީ އެއީ، ޝަދަފު ބުނާނެ އެއްޗެއް ނޭނގޭތީ، އޭނާ ނުރުހިޖެއްޔާ ހުރިހާކަމެއް ފަނުފުލަށް، ރީޝްއަށް އެނގޭތަ، އަސްމާއާންޓީއަށް މިކަން ކުރެވޭނެނަމަ މިހާރު ޝަދަފު ހުންނާނީ ރީޝްގެ ފިރިއެއްގެ ގޮތުގައި، ބޯހަރު ކުއްޖެއް މަގޭ ޝަދަފަކީ، އޭނާ ބޭނުންވާގޮތަށް ހުރިހާކަމެއް ވާންޖެހޭނީ” މިހެންބުނެ ރީޝަމްގެ ބުރަކަށީގައި އަސްމަހާނު ފިރުމާލިއެވެ. އަދި ޝަދަފަށް ސައިތައްޔާރުކޮށްގެން ތަބަށްހިފައިގެން އަސްމަހާނު ހިނގައިގަތީ ދަރިފުޅުގެ ކޮޓަރިއާ ދިމާލަށެވެ.

ޝަދަފުގެ ކޮޓަރީގެ ދޮރުމަތީ ހުއްޓިލަމުން ފުންނޭވާއެއް ބޭރުކޮށްލާފައި އަސްމަހާނު ހަމަޖެހިލިއެވެ. އަދި އޭނާ ޝަދަފުގެ ގާތުގައި ދައްކާނޭ ވާހަކަތައް ސިކުނޑީގައި ރާވާލެވުމުން ދޮރުގައި ޓަކި ޖަހާލާފައި ހުޅުވާލިއެވެ. އޭރު އެނދުގެ ހުރަހަށް ޝަދަފު އޮތެވެ.

“އަޅުގަނޑު ސައިބޯހިތެއްނެތް” ކޮޓަރިއަށް ވަދެގެން އައި އަސްމަހާނު ފެނުމުން އެނދުން ތެދުވި ޝަދަފު ބުނެލިއެވެ.

“ސައިބޯހިތްނެތަސް ކޮންމެވެސް އެއްޗެއް ކާލައިގެން އޮންނަންވާނީ، ހަމައެކަނި ބޭސްތަކެއް ކެއުމަކުން ފައިދާއެއްނުކުރާނެ، ހަށިގަނޑަށް ރަނގަޅު ކާނާ ވެސް ކާންޖެހޭނެ، ދެން ބޮޑާނުހާކާ ތެދުވޭ” އަސްމަހާނު އައިސް އެނދުމަތީ އިށީންނަމުން ހިފައިގެން ހުރި ލަކުޑިތަބަށް އެނދުމަތީ ހަމަޖައްސާލިއެވެ. އަދި ތަށީގައި އޮތް ޕާންފޮތީގައި ބަޓަރާއި ޖޭމް ހާކަންފެށުމާއެކު ޝަދަފާ ވާހަކަދައްކަންފެށިއެވެ.

“ޝަދަފު، ދެން ހިތްހަމަނުޖެހިފައި ނީނދެ މިކޮޅަށް އާދެބަލަ، އަން! މި ޕާންފޮތި ކާލާ، ދަރިފުޅު ގާތު މަންމަ އެބައޮތް ވަރަށް މުހިއްމު ވާހަކައެއްދައްކަންވެފަ” އަސްމަހާނު ލޯތްބާއެކު ބުނުމުން ނުރުހިފައި އިނެއްކަމަކު ޝަދަފު އަސްމަހާނާ ކުރިމަތިލަމުން އޭނާ ދިއްކޮށްލި ޕާންފޮތީގައި ހިފިއެވެ.

“މިތާނގައި ތިބެފައި އެމެރިކާއަށް ދާން މަންމަ އެދިލެއްވިޔަސް އަޅުގަނޑު ދާކަށް ބޭނުމެއްނޫން” ޝަދަފު ގޮތްދޫނުކުރާ ރާގެއްގައި ބުނެލިއެވެ.

“މާލެދެވިދާނެ، އެކަމަކު…. ޝަދަފު…” އަސްމަހާނު ދައްކަންއުޅުނު ވާހަކަ މަޑުޖައްސާލީ ޝަދަފުގެ ޝައުގުވެރިކަން އޭނާ ބުނަންއުޅޭ އެއްޗަކަށް ހޯދުމުގެ މަޤްޞަދުގައެވެ. އެކަން ވީވެސް އެހެންނެވެ. ޝަދަފަށް އެއްޗެއް ނުބުނެއެއް ނީނދެވުނެވެ. ވަގުތުން އަސްމަހާނާ ސުވާލުކުރަން ފެށިއެވެ.

“އެކަމަކު ކިހިނެއްތޯވީ މަންމާ” ޝަދަފު ސުވާލުންފުރިގެންވި ގޮތަކަށް އަސްމަހާނަށް ބަލަންއިނީ އަތުގައި އޮތް ޕާންފޮތި ވެސް އަނގަޔަށްލާން ހަނދާންނެތިފައެވެ.

“ދަރިފުޅާ ޝަދަފު، އެކަނިހުރެ ދުނިޔެ ހުސްކޮށްލުމަށްވުރެ ހަޔާތުގެ ކޮންމެވެސް ހިސާބަކުން ޒަވާޖީ ހަޔާތެއް ފެށުމަކީ ނަފުސަށްލިބޭ ހިތްހަމަޖެހުމެއް، މަންމަ ވެސް ބޭނުން މަންމަގެ ހުރިހާ ކުދިން މީހުންނާ އިނދެ ރަނގަޅު ދިރިއުޅުމެއް އުޅޭތަން ދެކެން، ޝަދަފު، ދަރިފުޅުގެ ބައްޕަގެ ވެސް ވަރަށް ބޮޑު އުންމީދެއްމީ، ޢާއިލާ ހުރިހާ މެންބަރުން ވެސް ވަރަށް ރުހޭ ޖޯޑެއް ޝަދަފު އާއި ރީޝަމްއަކީ، ދަރިފުޅު ޤަބޫލިއްޔާ މަންމަމެން މިވިސްނަނީ ދަރިފުޅާ ރީޝްގެ ކައިވެނި މިކޮޅުގައި ކުރަން، އަދި ދަރިފުޅު ބޭނުންވާގޮތަށް މާލެއަށް ބަދަލުވާން، ރީޝްއަކީ ރަނގަޅު ކުއްޖެއްކަން ޝަދަފަށް މިހާރު އެނގޭނެ، އެހެންނޫނަސް ދަރިފުޅުގެ އެކްސިޑެންޓް ހިނގުމުގެ ކުރިންވެސް މިކައިވެނީގެ ވާހަކަދެކެވުނު، އެކަންތައްމަތިން ރީޝް ހަނދާންކުރަން ބޭނުންނުވާތިވެގެން ކަންނޭނގެ ދަރިފުޅު ގާތު ރީޝް އެކަހަލަ ވާހަކައެއް ނުދެއްކީ، ބުނެބަލަ، ދަރިފުޅު މިކައިވެންޏާ ރުހޭނަންތަ، މަންމައާ މުޅި ޢާއިލާގެ އުފަލަށްޓާކައި ދަރިފުޅު މިކައިވެންޏާ ރުހޭނަންތަ؟” އަސްމަހާނު ފެންކަޅިވެފައި އިނދެ އަހާލިއެވެ. ފުންނޭވާއެއްބޭރުކޮށްލި ޝަދަފަށް އޭނާގެ މަންމަގެ ފެންކަޅިވެފައިވާ ދެލޯފެނި ހިތައް އަސަރުކުރިއެވެ.

“މަންމާ، ތިކަމާ އަޅުގަނޑު ވިސްނާލަންޖެހޭނީ، މީ އެކްސިޑެންޓް ހިނގުމުގެ ކުރިންވެސް ހަމަޖެހިފައި އޮތް ކައިވެންޏެއްތަ؟” ނުތަނަވަސްވެ ދެބުމަކައިރިކޮށްލައިގެން އިން ޝަދަފު އިތުރަށް އޮޅުންފިލުވަން ބޭނުންވިއެވެ.

“އާން! ކުރިންވެސް މިކައިވެނީގެ ވާހަކަދެކެވުނު، އަސްލު މިކޮޅުގައި މަޑުކުރަނީވެސް ރަނގަޅު ދަނޑިވަޅެއްގައި ދަރިފުޅު ގާތު މިވާހަކަތައް ބުނަންވެގެން، ހައްތަހާވެސް ދަރިފުޅު ނުޤަބޫލުވެދާނެތީ، ރީޝް ވެސް އެހުންނަނީ ދަރިފުޅު ދޭނެ ޖަވާބެއް ނޭނގޭތީވެ، އެހެންވިޔަސް އެކުއްޖާ ޝަކުވާއެއްނުކުރޭ، ދަރިފުޅުގެ ކޮންމެ ނިންމުމެއްވެސް ޤަބޫލުކުރަން ހުރީ ތައްޔާރަށް، އެކަމަކު މަންމަގެ ހިތަކަށް ކުޅަދާނައެއްނުވާނެ ރީޝް ރޯތަން ދެކޭކެކަށް، ކިހާ ދުވަހަކު އެކުއްޖާ ދަރިފުޅަށްޓަކައި އިންތިރުކުރަންވީ، ދެން އިތުރަށް މަޑުނުކޮށް މިކައިވެނި ކުރަން މަންމައަށް ފެންނަނީ، ކުރިންވެސް ރާވާފައި އޮތް ގޮތަށް، ދަރިފުޅުގެ ފަރާތުން މަންމަގެ ހިތަށް ފިނިކަމެއްލިބޭފަދަ ޖަވާބެއް އަންނާނެކަމަށް އުންމީދުކޮށްގެން މިހުންނަނީ، އެކަމަކު ކުރިއަށް މިއޮތް ދެތިންދުވަހުގެތެރޭ މަންމައަށް ޖަވާބެއް ދޭންވާނެ” އަސްމަހާނު ހުރިހާ ވާހަކަތަކެއް ދެއްކިއިރު އޭނަގެ މޫނުމަތިން ހިތާމައިގެ އެތައްކުލައެއް ފެނި ގެއްލިގެންދިޔައެވެ. މުބާރާތެއްނަމަ އޭނާއަށް އެންމެމޮޅު އެކްޓަރުގެ އެވޯޑު ލިބުނީހެވެ. ޝަދަފު އިސްޖަހާލައިގެން ވިސްނަން ބައިންދާފައި އަސްމަހާނު މަޑުމަޑުން ތެދުވެގެން އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

ދުވަހުގެ ބާކީއޮތް ބައިގައި ޝަދަފުގެ ސިކުނޑީގައި އޮތީ މާލެ ދިއުމުގެ ޚިޔާލެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާއާ ރީޝަމްގެ ކައިވެނީގެ ވާހަކައެވެ. އަމިއްލަ ޟަމީރާ އެތަކެއް ސުވާލު ޝަދަފު ކުރިއެވެ. އޭނަގެ ހަޔާތަށް ބައިވެރިއަކު ނައިސް ހުރީ ކީއްވެކަމާމެދުއެވެ. އޭނާ ރުހޭފަދަ ސިފަތަކެއް ލިބިފައިވާ އަންހެން ކުއްޖަކާ ދުވަހަކު ވެސް ދިމާވެދަނެބާއޭ ވެސް ޝަދަފުގެ ހިތަށް އެރިއެވެ. އިރުއޮއްސެމުން ދިޔަވަރަކަށް ފަޒާގައި އެނބުރެމުންދިޔަ ވައިރޯޅިތަކުގެ ފިނިކަންގަދަވެފައި ވެއެވެ. ނޭނގިތިއްބާ ގޭގެ ހީޓަރުގައި މައްސަލައެއްޖެހި އެވެސް މަސައްކަތްކުރުން ހުއްޓާލިތާ ބައިގަޑިއިރު ވެއްޖެއެވެ. އަސްމާ އާއި ޒަބާ ރުޅިގަދަ ވެފައި ފޯނުން ވާހަކަދައްކަމުން ދިޔައީ އެވަގުތު ގޭގެ ހީޓަރު ރަނގަޅު ކުރުމަށް މީހަކު ނުލިބިގެންނެވެ. މަޑުހިނގުމުގައި ޝަދަފު އައިސް ރީޝަމްގެ ކޮޓަރީގައި ޓަކިދިނެވެ. އެހިނދު ކޮޓަރިތެރެއިން ރީޝަމްގެ އަޑުއިވުނެވެ. އެތެރެއަށްވަނުމަށް އޭނާ ދަޢުވަތުދިނީ ޝަދަފުކަން އެނގިގެނެއްނޫނެވެ.

“ޑިފީ… ކިހިނެއްވީ” އެނދުމަތީއޮތް ބޯރަޖާގަނޑު ބޮލާއެކުގައިގާ އޮޅާލައިގެން އިން ރީޝަމް އަތުގައި އޮތް ވާހަކަފޮތް ލައްޕާލިއެވެ.

“ކީއްވެ ފަހުން އަހަރެން ހޯދަން ކޮޓަރިއަށް ނައީ، މިއުޅެނީ ވަރަށް ފޫހިވެގެން، މާބޮޑަށް ފިނިވާންފެށީމަ މިނުކުމެލީ، ހީޓަރު ހަލާކުވެގެން މަންމަ ރުޅިގަދަވެފައި ހުރިވަރު ފެނުނީމަ އަވަހަށް މިއައީ ރީޝް ކޮބާތޯ ބަލާލަން” ޝަދަފު ލުއިހިނިތުންވުމަކާއެކު ބުނެލިއެވެ. އެހެންނަމަވެސް އޭނާގެ ލޯ ރީޝަމްއާ އަމާޒުކޮށްލައިގެން ހުރިއިރު އެތޫނުކަޅިރަވައިގެ އެންމެ ފުނަށް ފީނުމަށް މަސައްކަތްފަށާފައިވާ ކަހަލައެވެ.

“ޑިފީ ބޮލުގަރިއްސާތީ އެންނު އުޅުނީ، ހިތަށްއެރީ އަހަރެން ފެނުނީމަ އިތުރަށް ޑިސެޕޮއިންޓް ވެދާނެއޭ” ރީޝަމް ލަސްލަހުން ލަފުޒުތައް އަތުރާލީ އިސްޖަހާލައިގެން އިނދެ އަތުގައި އޮތް ފޮތުގެ ގަނޑުތަކާ ކުޅެމުންނެވެ.

ޝަދަފު އައިސް އެނދުގައި އަރާއިށީނދެ ހަމަޖެހިލަމުން ދެފައި ދަމާލިއެވެ. އަދި އެއްފައި އަނެއްފައިމައްޗަށް އަރުވާލަމުން ހަޝަމްބަދެލައިގެން އިނދެ ރީޝަމްއަށް ބަލަންފެށިއެވެ. އެދެމެދަށް ނޭނގޭ ހިމޭންކަމެއް ވެރިވެގެންދިއުމާއެކު ރީޝަމްގެ ހިތް އަވަސްވިއެވެ. ލޮލުގެ ހިމަކޮޅުން ޝަދަފަށް ބަލާލިއިރު އޭނާގެ ނަޒަރު އެންމެ ހިނދުކޮޅަކަށް ވެސް ރީޝަމްއާ ވަތްކެއްނުކުރެއެވެ. ލަދުވެތިގޮތަކަށް އިތުރަށް މޫނު ފޮރުވާލަން ރީޝަމް ކުޑަކޮށް ޝަދަފްއާ ދުރަށް ޖެހިލިއެވެ.

“ވާހަކައެއް އަހަންތަ؟” ކުއްލިއަކަށް ރީޝަމް ގެނައި ހަރަކާތާއެކު ޝަދަފު އަހާލިއެވެ.

“ހޫމް…” ލަދުވެތިގޮތަކަށް ރީޝަމް ބުނެލިއެވެ.

“ރީޝް އަހަރެންދެކެ ލޯބިވޭތަ؟” ޝަދަފު އެއްވެސް ޖެހިލުމެއްނެތި ކުރި ސުވާލުން ރީޝަމްގެ މޫނު ރަތްވެގެންދިޔައެވެ. ހީވީ ހިނގަހިނގާހުރި ހިތް ވެސް ހުއްޓުނުހެންނެވެ. ރީޝަމްގެ ދޫހަރަކާތްކުރަން އިރުކޮޅެއް ނެގިއެވެ. ޝަދަފު ކުރިއަށްޖެހިލައި ރީޝަމްގެ ދަތްދޮޅީގައި ހިފާ އޭނާއާ ދިމާލަށް އަނބުރާލިއެވެ.

“އަހަރެންގެ މިދެލޮލުން ނުފެނޭތ ޑިފީދެކެ އަހަރެން ލޯބިވާވަރު، ދުލުން ބުނެވޭވަރަށްވުރި ފުރިހަމަ، އަދި ކަނޑަށްވުރެ ފުން ލޯތްބެއް އަހަންނަށް ޑިފީދެކެ ވެވުނީ…. އެކެމަކު އެއީ އަހަންނަށް އެކަނި ވެވުނު ލޯތްބެއް…” ރީޝަމްގެ ކޯތަފަތުންލާފައި ފައިބައިގެންދިޔަ ކަރުނަތިކިތައް ޝަދަފަށް ފެނުނެވެ.

“ތިދެލޮލުން ހުރިހާ އެއްޗެއް ވެސް ފެނޭ، ލޯބިވާކަން ވެސް އެނގޭ، އެކަމަކު ތިދުލުން ހަޤީޤަތް ހާމަކުރާ އަޑުއަހާލަން ބޭނުންވީ” ޝަދަފު އޭނާގެ އިނގިލިތަކުގެ ކުރިން ރީޝަމްގެ ކޯތާފަތްފޮހެލަދޭން އުޅުނެވެ. އެވަގުތު ކުއްލިއަކަށް ރަޖާގަނޑުގެތެރެއިން ނުކުތް ރީޝަމް، ޝަދަފުގެ ގައިގާ އޮޅުލައިގަތެވެ. އެއަށްފަހު އޭނާ ކުރިކަމަކުން ޝަދަފުގެ ނޭވާ އަވަސްކުރުވިއެވެ. ކުޑަހިނދުކޮޅަކަށް ނަމަވެސް އޭނާއަށް ރީޝަމްގެ ހަށިގަނޑުގައި ހިފާ ގާތްކޮށްލެވުނީ ބޭއިޙްތިޔާރުގައެވެ. ހަމައެހާމެ އަވަހަށް އޭނާ ރީޝަމްގެ ގައިގާ ހިފާ ދުރުކޮށްލިއެވެ.

“އައެމް ސޮރީ…” ރީޝަމްއާ ގާތްވެވިދާނެތީވެ އޭނާ އަވަސްއަވަހަށް އެނދުން ތެދުވެ ބުނެލިއެވެ.

“ޑިފީ މާފަށްއެދޭވަރުކަމެއް ނުކުރޭ، އަހަރެން ހުރީ އެފަދަ ކަމަކަށް ބޭނުންވެފައި” އެނދުގައި އިސްޖެހިފައި އިން ރީޝަމްއަށް ޝަދަފަށް ބަލާލަން ނުކެރުނީއެވެ. އެހެންނަމަވެސް ޝަދަފު ރުޅިއިސްނުކުރުމުން އޭނާގެ ހިތަށް ދުވަހަކުވެސް ނުލިބޭހާ ހިތްހަމަޖެހުމާ އުފާ ހާސިލުވިއެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭނގިފައި ހުރި ޝަދަފު، ރީޝަމްގެ ކޮޓަރިން ނުކުތެވެ. ހަލުވިކަމާއެކު އައިސް އޭނާގެ ކޮޓަރިއަށްވަދެ ދޮރުލައްޕާލިއިރު އޭނަގެ ހަށިގަނޑުގައި ނޭނގޭ އާތްވެއްއުފެދިފައިވާކަހަލައެވެ. ފިނިކަމުގެ އެއްވެސް އަސަރެއް އޭނައަށް ނުކުރެވެއެވެ. މަޑުމަޑުން ތުންފަތުގައި އަތްހާކާލެވުމާއެކު ޝަދަފުގެ ސިކުނޑިއަށް ސިފަވެގެން ދިޔައީ ރީޝަމްއެވެ. އިރުކޮޅަކު ޚިޔާލަކަށް ގެއްލިފައި ހުރުމަށްފަހު ޝަދަފު އައިސް އޭނާގެ އެނދުގައި އިށީނެވެ.

ހަޔާތުގެ ބައިވެރިއަކާމެދު ޝަދަފަށް ވިސްނެންފެށުނެވެ. ޢާއިލާ މީހުން ބޭނުންވާފަދައިން ރީޝަމްއަކީ އޭނާއަށް އެންމެ އެކަށޭނެ އަންހެންކުއްޖާއަށް ވެދާނެބާއޭ ސުވާލު އުފެދުނެވެ. ހަމައެއާއެކު ރީޝަމްއާއެކު އޭނާއަށް ޒަވާޖީ ހަޔާތެއް ނުފެށޭނެ އެއްވެސް ސަބަބެއް ސިކުނޑިއަށް ނޭރިއެވެ. ޒަމާންވީ ރަޙުމަތްތެރިކަމެއް ލޯތްބެއް ބަދަލުވާން ފަސޭހަވާނެއޭ ޝަދަފުގެ ހިތް ބުނުމުންނެވެ. ތަފާތު ޚިޔާލުތަކުގައި އޮއްވާ އޭނާއަށް ނިދުނީ ކޮންއިރަކުކަމެއް ނޭނގެއެވެ. ސިއްސައިގެން ދިޔައީ ދޮރުގައި މީހަކު ޓަކިޖަހާއަޑު އިވިގެންނެވެ. ތެދުވެގެން އައިސް ޝަދަފު ދޮރު ހުޅުވާލިއިރު ދޮރުމަތީ ހުރީ ރީޝަމްއެވެ. ޝަދަފަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ރީޝަމް ވާހަކަދެއްކިއެވެ.

“އަހަރެން އެތެރެއަށް ވަންނަންތަ” ރީޝަމް ބުންޏެވެ. ޝަދަފު އެއްވެސް އެއްޗެކޭ ނުބުނެ ދޮރުހުޅުވާލާ އެތެރެއަށް ޖެހިލީ ރީޝަމް ވަނުމަށް ތަންދެއްކުމަށެވެ. އަދި ރީޝަމް ވަނުމުން ކޮޓަރީގެ ދޮރު ލައްޕާލިއެވެ. ޝަދަފަށް ދޮރުގެ ތަޅުން އަތްދޫކޮށްނުލެވެނީސް ރީޝަމް އައިސް ދޮރުފަތާ ޝަދަފާ ދެމެދަށްވަނެވެ. ގައިގާ ވަށައިގެން އޮޅާލެވިފައި އޮތް ރަޖަހާގަނޑާއެކު ރީޝަމް، ޝަދަފުގެ މޫނަށް ބަލަހައްޓައިގެން ހުރެ ދޮރުތަޅުލިއެވެ. މިވަނީ ކިހިނެއްކަމާމެދު ސުވާލު އުފެދިފައި ޝަދަފަށް ހުރެވުނީއެވެ. ރީޝަމްގެ އެއްވެސް ހަރަކާތެއްހުއްޓުވަން ބޭނުންނުވެފައި ހުރި ހެންނެވެ. އަދި މިވަގުތު އެއްވެސް ސުވާލެއްކުރާނެހާ ވަގުތެއް ނުލިބުނެވެ. ރީޝަމްއެކޭ އައްޓަމަހެކޭ އެއްވަރުވިއެވެ. ޝަދަފުގެ ގައިގާ ތަތްކޮށްލިގޮތަށް ނުނެއްޓުނެވެ. ރީޝަމްގެ ގަޔާވަކިވެގެން ތިރިއަށްވެޓުނު ރަޖާގަނޑާއެކު ޝަދަފުގެ އަނގަހުޅުވި ދެލޯބޮޑުވެގެން ދިޔައީ ފެނުނު މަންޒަރުންނެވެ. ހަށިގަނޑުގެ ހުރިހާ ހިއްސެއް އެއްފަހަރާ ހޭލައިގަތްކަހަލައެވެ. އޭނާގެ ބާރުގަދަ މުލައްދަނޑީގެތެރެއަށް ރީޝަމްގެނެވުނީ ކިހިނެއްކަމެއް ޚުދު އޭނާއަކަށްވެސް ނޭނގުނެވެ. އެނދުގެ ބެޑްޝީޓަށް ރޫޖެހެމުންދިޔައިރު ޝަދަފަށް ލިބެމުންދިޔަ ފޮނިމީރުކަމުގެ އިޙުސާސް މީގެކުރިން ކުރެވުނު ކަމުގެ ހަނދާނެއް ސިކުނޑީގެ ކަނަކުން ހަނައަޅާލިއެވެ. ރީޝަމްއަށް ބަލަހައްޓައިގެން އޮތްއިރު އޭނާގެ ދެލޯ ފުސްވަމުންދިޔައެވެ. ކަންފަތުގައި އަންހެންކުއްޖެއްގެ އަޑުޖެހުނުހެން ހީވިއެވެ.

“ޝަދަފު…. ޝަދަފު….” ކުއްލިއަކަށް ޝަދަފުގެ ހަރަކާތްތައް މަޑުޖެހި ދެފަރާތަށް ބޯހޫރާލެވުނެވެ. އޭނާއަށް އިވުނީ ޔަޤީނުންވެސް ރީޝަމްގެ އަޑެއްނޫނެވެ. ދެން އެއީ ކާކުބާއެވެ. އެހެންނަމަވެސް މިވަގުތު ޝަދަފުގެ ސަމާލުކަން ހުއްޓިފައިވަނީ އޭނާއަށް ބަލަހައްޓައިގެން އޮތް ރީޝަމްއަށެވެ.

ދޮރުފޮތިތަކުން ފުރޭނިގެން ކަހަލަގޮތަކަށް ފަނޑުފަނޑުއަލިކަމެއް ކޮޓަރީގެތެރެއަށް އެޅިފައިހުއްޓެވެ. ލޯމަރާލައިގެން ނިތްކުރީގައި އަތްބާއްވާލައިގެން އޮތް ޝަދަފަށް އޭނާގެ ގާތުގައި އޮތް ރީޝަމް ތެދުވިކަން އެނގެއެވެ. އެހެންނަމަވެސް ލޯހުޅުވާލަން ބޭނުންނުވީއެވެ. އޭރުވެސް އޭނާ އޮތީ ނުނިދައެވެ. ސިކުނޑީގައި އެތަށްކަމެއް އެނބުރެމުންދިޔައެވެ. ނުވިތާކަށް ރޭގައި އޭނާއަށް އެވީ ގޮތެއް ޚުދު އޭނާއަށްވެސް ބުނެދޭން ނޭނގެއެވެ. އޭނާއަށް އިވުނީ ކޮންއަންހެން ކުއްޖެއްގެ އަޑުކަމެއް ވިސްނާވިސްނާ ވެސް ހަނދާނަކަށް ނައެވެ. ދެންވިސްނުނީ ވަރަށް ގޯސްކޮށެވެ.

ޝަދަފުގެ ސިކުނޑިއަށް އެވަގުތު އެރީ، އޭނާއަކީ މީގެކުރިން ވެސް އަންހެންކުދިންނާއެކު އެފަދަ ގުޅުންތައް ހިންގާ މީހަކީ ބާއެވެ. ރީޝަމްގެ ހަރަކާތްތަކަށް ފުރަގަސްދީ އެކަން ނުހުއްޓުވުނީ އެހެންވެކަމަށް ވެދާނެއޭ ޝަދަފުގެ ހިތަށް އެރީ ވެސް އެހެންވެއެވެ. ނަމަވެސް އޭނާގެ ޟަމީރު އެކަމާ އެއްބަހެއް ނުވިއެވެ. ފެންނަހާ އަންހެންކުއްޖަކަށް އޭނާގެ އެނދާ ހަމައަކަށް ނާދެވޭނެއެވެ. އަދި އޭނާއާއެކު އެގޮތަށް އުޅޭކަށް ފުރުޞަތެއްވެސް ނުދެވޭނެއެވެ. ޝަދަފަށް ވިސްނުނު ގޮތުގައި ރީޝަމްދެކެ އޭނާ ލޯބިނުވިޔަސް، ރީޝަމް، ޝަދަފު ދެކެ އިންތާހާއަށް ލޯބިވެއެވެ. އޭނާއަށް ރީޝަމް ޚާއްޞަވީ އެހެންވެކަންނޭނގެއެވެ. ރީޝަމް އޭނާދެކެ ވާލޯބި ރޭގައި ސާބިތުކޮށްދީފައި އެވަނީ އެއްވެސް ޖެހިލުމެއް ބިރެއްނެތިއެވެ. ޝަދަފު ދެކޭނޭގޮތަކާމެދު ވިސްނާލުމެއްނެތިއެވެ. އެއަންހެން ކުއްޖާގެ އަތުގައި އިތުރަށް ޝަދަފަށް ދޭނޭ އެއްޗެއް ނެތެވެ.

ހެނދުނުގެ ނާސްތާކުރުމަށް ޝަދަފު ސައިކޮޓަރިއަށް ވަންއިރު އެންމެން އެތަނުގައި ތިއްބެވެ. އެންމެ ފުރަތަމަވެސް ޝަދަފަށް ބަލާލެވުނީ ރީޝަމްއަށެވެ. އޭނާ އިނީ ޝަދަފު އެތަނަށް އައިކަން ނެނގޭކަމަށް ހަދައިގެން ކުރިމަތީހުރި ހޫނު ކޮފީތަށްޓަށް ނަޒަރު ހުއްޓާލައިގެންނެވެ. ޝަދަފު އައިސް އޭނާގެ ކުރިމައްޗަށް ހުރި ގޮނޑި ދަމާލަމުން އިށީނީ ގަސްދުގައި ރީޝަމްއާ ކުރިމަތިލުމަށެވެ. ބޭނުންވީ ޝަދަފު ފެނުމުން ރީޝަމްއަށްވާގޮތްތައް ދެނެގަންނާށެވެ. އެމޫނުމައްޗަށް އަރާފައިބަމުންދާ ހުރިހާ ކުލައެއް ކައިރިން ބަލާލާށެވެ. ޝަދަފު ގޮނޑީގައި ހަމަޖެހިލުމާއެކު ރީޝަމްއަށް ބަލަހައްޓައިގެން އިނދެ އަތުގައި އޮތް ވޫލުކޮޅުން ދޫކޮށްލާފައި އޮތް އޭނާގެ އިސްތަށިގަނޑު އައްސާލިއެވެ.

ޝަދަފުގެ ހަރަކާތްތަކަށް ސިއްރުން ބަލަން އިން ރީޝަމް އިނީ ފާޅުނުކުރިއެއްކަމަކު ކަންބޮޑުވެފައެވެ. ރެއަށްފަހު ޝަދަފު އޭނާއާމެދު ދެކޭނޭގޮތް ނޭނގޭތީ އެކަމާ ކަންބޮޑުވެފައެވެ. ނަމަވެސް ރޭގައި ހިނގާދިޔަ ކަމަކީ ރީޝަމް ގަސްދުގައި ކުރިކަމެކެވެ. ބޭނުންވަނީ ޝަދަފުގެ ހިތާހަމައަށް އޭނާގެ ހަށިގަނޑު މެދުވެރިކޮށް ނުފޫޒު ފޯރުވާށެވެ. ކޮންމެ ގޮތަކުންވިޔަސް ޝަދަފުގެ ވިސްނުމާ ކުޅެލާށެވެ. ދެވަނަ ފަހަރަށް އަތުން ލޯބި ބީވެގެންދާ މަންޒަރު ބަލާކަށް ރީޝަމްގެ ހިތަކަށް ކުޅަދާނައެއްނުވާނެއެވެ.

“ދެކުދިން ހާދަ ބަސްމަދުވެފައި، އަނެއްކާ ކަމަކާ ދެބަސްވީތަ” ސައިބޯން އިން ޒަބާ އަހާލިއެވެ. އެހެންޏާ ނުތިބޭފަދަ ގޮތަކަށް ބަސްމަދުވެފައި ރީޝަމް އާއި ޝަދަފު އިނުމުން އެކަން ޒަބާ ނޫނަސް އަސްމަހާނަށް ވެސް ފާހަގަކުރެވުނެވެ. އޭރު އެމީހުންނަށް ރޭގައި ހިނގައިދިޔަ ކަންތައްތަކުގެ އެއްވެސް ހިލަމެއް ނުވެއެވެ. އެކަން ހަމައެކަނިއެނގެނީ ރީޝަމްއާ ޝަދަފަށެވެ. ޝަދަފު އެއްގޮތަކަށްވެސް އެވާހަކަ ދައްކާކަށް އިތުރަށް ބޭނުމެއްނޫނެވެ. އެއީ ހިނގައިދިޔަކަމެއް ހިނގައިދިޔައީ އޭނާ ވެސް އެކަމަށް ބޭނުންވެފައި ހުރިތީއެވެ. ދެމީހުންގެ ރުހުމުގައެވެ. ކޮންމެވެސް ވަރަކަށް އެކަމާ އަމިއްލަ ނަފުސު ކުށްވެރިކުރެވޭތީ އެވެ.

ވިސްނާވިސްނާ ވެސް ހަނދާނުން އުނިވެފައިވާ ދުވަސްތަކުގެ އެއްވެސް ލިސާނަށް ޝަދަފުގެ ސިކުނޑިއަށް ނުކުރިއެވެ. ގޭގެ ފަހަތުގައި އޮތް ބަގީޗާގައި ހުރި ގޮނޑިއެއްގައި ކަނދުރާ އެލުވާލައިގެން ކަހަލަ ގޮތަކަށް ޝަދަފު އޮތީ މައްޗަށް ބަލަހައްޓައިގެންނެވެ. ހެނދުނެކޭ މެންދުރެކޭ ތަފާތެއްނެތެވެ. ފިނި ދުވަސްކޮޅަކަށްވާތީ ވަށައިގެންފެންނަނީ ދުންފިނީގެ އަސަރެވެ. އުޑުމަތި އަބަދުހެން އޮންނަނީ ރުޅިމޫނު ހަދާލައިގެންނެވެ. ބަނަކޮށެވެ. ދޭތެރެ ދޭތެރެއިން އެހެން އޮވެ ޝަދަފު ފުންނޭވާއެއް ބޭރުކޮށްލަނީ ސިކުނޑީގެ ހަލަބޮލިކަމަށް ލުޔެއްދޭން ބޭނުންވެގެންނެވެ. ބޭކާރު ޚިޔާލުތަކާ ދުރުވާށެވެ. ނަމަވެސް އޭނާގެ ސިކުނޑިއަށް ހަމަޖެހުމެއްނުލިބެއެވެ. ސުވާލުތަކުން ހިތާސިކުނޑި ފުނިޖެހިފައިވާއިރު ޖަވާބެއް ހޯދުމަށް އަހާނީ ކާކުކައިރީކަމެއް ނުވިސްނުނެވެ. އަނެއްކޮޅުން އޭނާގެ ޢާއިލާ އެދެމުންދަނީ އޭނާއާ ރީޝަމްގެ ކައިވެންޏަށެވެ. ރީޝަމްގެ ގާތްކަމުން ޝަދަފްއަށް އަސަރެއް ނުކުރެއޭ ބުނެފިނަމަ އޭނާއަށް އެހެދެނީ ދޮގެކެވެ. އޭނާއަކީ ވެސް ފިރިހެނެކެވެ. ހަނދާނުން ބައެއް އުނިވެފައިވިޔަސް ހުރިހާ ޚިއްސުތަކެއް ސަލާމަތުން އެބަހުއްޓެވެ. އަންހެން ކުއްޖަކު އެހާގާތްވެގެން އުޅޭއިރު މަޑުން ހުރެވޭނީ ވަކި ކާކަށް ހެއްޔެވެ. ޝައިތާނާވެސް އެންމެ ގާތުގައި ހުންނަނީ އެފަދަ ވަގުތުތަކުގައި ވިއްޔާއެވެ. ދުނިޔެމަތީގެ ހުރިހާކަމެއްގެ މަތިން ހަނދުމަނެތިކޮށްލައެވެ. ހަމަހޭވެރިކަންވާއިރު ވާނޭއެއްޗެއް އޮންނަނީ ވެނިމިފައެވެ. ނިކަމެތި އިންސާނުންނަށްވީތީ ގިނަފަހަރަށް އޮންނަނީ ކޮންމެވެސް ގޮތަކުން ކުށަކަށް އަރައިގަނެވިފައެވެ. އެއީ އިންސާނީ ޠަބީޢަތާގުޅިފައިވާ ކަމެކެވެ. ދުނިޔޭގެ އާދަވެސް މެއެވެ.

“އަހަންނާމެދުތަ ތިވިސްނަނީ” ކުއްލިއަކަށް ދާދިގާތުން އިވުނީ ރީޝަމްގެ އަޑެވެ. ބަގީޗާގެ ބެންޗުގައި ހަށިގަނޑު ދަމާލައިގެން އޮވެފައި އަވަސް އަވަހަށް ޝަދަފު އެދިމާލަށް ބަލާލިއެވެ. އަދި ތެދުވެ އިށީނެވެ.

“ހޫމް!… އުހުން!” ޝަދަފު، ރީޝަމް އަހާލި އެއްޗަކާ އެއްބަސްވެފައި ވެސް ވަގުތުން ދެކޮޅު ހެދިއެވެ. އެހިނދު ރީޝަމްގެ ފަރާތުން ލުއި ހީނލުމެއްގެ އަޑުއިވުނެވެ. ދެންފެނުނީ އޭނާގެ ގާތުގައި ބެންޗުގައި ރީޝަމް އިށީންތަނެވެ. ޝަދަފު އޭނާގެ ސިކުނޑި ހޭލައްވާލާ ސަމާލުކަމަށް ގެންނަން މަސައްކަތްކުރީ ރީޝަމްގެ ފަރާތުން ކުރިމަތިވެދާނެ ކަމަކަށް ތައްޔާރުވެލުމުގެ ގޮތުންނެވެ. އެހެންއިނދެފައި ކޮންމެފަދަ ކަމެއްކުރާކަށްވެސް އެއަންހެން ކުއްޖާ ފަހައް ނުޖެހޭނެކަން މިހާރު ޝަދަފަށް އެނގޭތީއެވެ.

“ރީޝް ކީއްވެ ރޭގައި އެހެންއުޅުނީ، ކީއްކުރަން އެފަދަ ގަޑިއެއްގައި އަހަރެންގެ ކޮޓަރިއަށް އައީ، އަހަރެން ބޭނުމެއްނޫން އެކަން ތަކުރާރުވާކަށް” އިރުކޮޅަކު އެއްޗެއް ނުބުނެ އިނދެފައި ޝަދަފު ވާހަކަދައްކަންފެށީ ރީޝަމްއަށް އެއްޗެއް ވިސްނައިދޭން ބޭނުންވާފަދަ ގޮތަކަށެވެ. އަދި ހިތުގައި އުފެދިފައިވާ ބައެއް ސުވާލުތަކަށް ޖަވާބު ހޯދުމުގެ ބޭނުމުގައެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *