ABADHU THIYA LOABI KALAA VAANAN HEY [03]

“ތީވެސް ތެދެއް، މަންމަމެންނާ ހެދި ވެސް ނޯންނާނެ ނުގޮސް ހުރެވޭކަށް، އަދި ނޭނގެ ބައްޕަ ބުނުއްވާނީ ކީކޭކަމެއްވެސް، ނުގޮސް ނުހުރެވޭނެކަންނޭނގެ، އެޓްލީސްޓް ރީޝް ހުރިއްޔާ އަހަރެން ބޯޑްވިޔަކަ ނުދޭނަން ދޯ” ޝަދަފު ރީޝަމްއަށް ބަލާލިއެވެ. ރީޝަމްގެ ދެލޮލުން އާދަޔާއި ޚިލާފު ވިދުމެއް ޝަދަފަށް ފެނިގެންދިޔައެވެ. އަދި ރީޝަމްގެ ހިނިތުންވުމުން ދެނެގަންނަންވީ ކޮންމާނައެއްކަމެއް އޭނާއަކަށް ނޭނގުނެވެ. ބަލަހައްޓައިގެން އިންދާ ރީޝަމްގެ ދިގު އިނގިލިތަށް އޭނާގެ ނިތްކުރިމައްޗަށް ވެއްޓިފައި ހުރި އިސްތަށިތައް އެއްފަރާތްކޮށްލަން އުޅުމުގައި ޝަދަފުގެ މޫނުގައި ބީހިލިއެވެ.

“ވަޓް” ޝަދަފުގެ މޫނަށް ގެއްލިފައި އިން ރީޝަމްއަށް ބުނެލިއެވެ.

“ހަނދާންވީ ޑިފީ ކުޑައިރު އަހަންނަށް ނޫޑުލްސް އޭ ކިޔާ ގޮވުމުން އަހަރެން ރުޅިއައިސްގެ ޑިފީ އާއި ވާހަކަނުދައްކަން ހުރި ދުވަސްތައްމަތިން، މިހާރު އެކަންތައްތަކާއިމެދު ވިސްނާލީމާ ހިތައް އަރަނީ އޭރު ހާދަ މޮޔައޭ އަހަރެން” ރީޝަމް މަޑުމަޑުން ޝަދަފުގެ މޫނާއި އަތްދުރުކޮށްލަމުން ބުނެލިއެވެ.

“ހެ ހެ ހެ… އޭރު އެކަހަލަ މަޖާ ކަންތައްތައް ނުކުރެވުނުނަމަ މިހާރު ހަނދާންކުރަން އޮންނާނީ ކޮންކަމެއް، އަސްލުވެސް ރީޝްގެ އިސްތަށިގަނޑު ހީވަނީ ނޫޑުލިސްގަނޑެއްހެން، އެކަމަކު މިހާރު ވަރަށް ރީތި އިނގޭ، ރީޝް އާއި ވަރަށް ގުޅޭ، އިންސްޓަރގްރާމަށް ލާފައި ހުރި ފޮޓޯތައް އެކޮޅުގައި ހުރިއިރު ވެސް ވަރަށް ލޮލުގައި އަޅައިގަތް، އެކަމަކު ކިޔަވަން އުޅެމުން އެހެން އެއްވެސް ކަމެއް ކުރެވޭވަރެއްނުވޭ، އެހެންވެ ހަމައެކަނި ލައިކަކުން ނިންމާލަނީ” ޝަދަފު ހިނިއައިސްފައި އިނދެ ބުނެލިއެވެ.

“ޑިފީއަށް އަބަދުވެސް ވާނީ ތިވަރު، އަހަރެން އެފްބީ އިން ގޮވާލިޔަސް އަނގައިން ބުނާނީ ވަރަށް މަދުފަހަރަކު، އެކަމަކު މިހާރު ތިހިރީ ފެންނަ ހިސާބަށް އައިސް، މިހާރު އެއްގޮތަކަށް ވެސް ބިޒީއެއްނުވާނެކަން އެނގޭ” ރީޝަމް މިހެން ބުނެލީ އޭނާގެ ހިތުގައި އެއްބައި ބާއްވާފައެވެ.

“ފިލައިގެނެއް ނޫޅެމެންނު، ރީޝް ގެއަށް އައިސްފިއްޔާ އަހަރެން ނުފެނިއެއްނުދާނެ، ތަނަކަށް ދާން ބުނުމުން ނުގޮހެއްވެސް ނުހުންނަން، ނޫންތަ” ޝަދަފު ގޮނޑީގައި ބުރަކަށިޖައްސާލަމުން ހަމަޖެހިލާފައި އެއްފައިމައްޗަށް އަނެއްފައި އަރުވާލީ ވަރަށް ވެސް ފިރިހެން ގޮތަކަށެވެ. އަދި އަރުވާލައިގެން އިން ފައިގެ ކުޑަހުޅުގައި އެއްއަތުން ހިފާއްޓާލައިގެން އަނެއްއަތް ގޮނޑީގެ އަތްގަނޑުގައި އަޅުވާލަމުން އިންވަރަށްވުރެބޮޑަށް ރީޝަމް އާއި ދިމާލަށް އެނބުރިލިއެވެ. އެއާއިއެކު ރީޝަމް ވެސް ގޮނޑީގައި ހަމަޖެހިލައިފިއެވެ.

“މިހާ ދުވަހު ކިޔަވަން ބޭރުގައި އުޅުނީތީ އަހަރެން ހީކުރީ ޑިފީ އަންނާނީ އެތަނުން ބްލޮންޑެއް ގޮވައިގެން ކަމަށް” ރީޝަމް ގަސްދުގައި އެދެމެދުގަ ދެކެވެމުންދިޔަ ވާހަކައިގެ މިސްރާބު ބަދަލުކޮށްލަން ބޭނުންވިއެވެ.

“މިބުނީނު ކިޔަވަންއުޅުނުއިރު އިތުރުކަމަކާ ވިސްނާކަށް ވަގުތެއްނުވެޔޭ، އެހެންވީމާ ގެންނާނެ ކުއްޖަކު ވެސް ނުހުންނާނެ އެންނު، އެކަމަކު މިހާރު ހިތަށް އަރަނީ މިކޮޅުގައި ވެސް ނުލާހިކު ރީތިކުދިން އެބައުޅެޔޭ، އެހެންވީމާ މިކޮޅުން ރީޝް ތިބުނާ ފަދަ ކުއްޖަކު ހޯދާނީއޭ” ލުއިގޮތަކަށް ހިނިތުންވެލުމާއިއެކު ޝަދަފު އުޑުމައްޗަށް ބަލާލިއެވެ.

“ޝަދަފު ބޭނުންވާ ކަހަލަ ކުއްޖަކު ފެނުނީތަ” ރަކިގޮތަކަށް އިނދެ އުނގުގައި ބާއްވާލައިގެން އިން ދެއަތްތިލަގެނެސް ޖޯޑުކޮށްލަމުން ރީޝަމް އަހާލިއެވެ.

“ވެދާނެ އެހެންވެސް…” ޝަދަފު، ރީޝަމްއަށް އެއްލޯ މަރާލަމުން ބުނެލިއެވެ.

“އަނެއްކާ ޑިފީ ބުނަން އެއުޅެނީ އަހަރެންގެ ވާހަކަބާ، ޑިފީއަށް އެނގޭބާ އަހަރެން ޑިފީދެކެ ލައިކްވާކަން، ޑިފީ ވެސް އަހަރެންދެކެ ލައިކްވޭކަންނޭނގެ، މަންމަމެން އަހަރުމެން ދެމީހުން ގުޅުވަން އުޅޭތީ ކަންނޭނގެ ފާޅުގައި ދެކޮޅުހަދާކަމަށް ހެދެނީ، ޑިފީ ވެސް ދެން ހާދަ މަކަރޭ، އޮޅުވާލަން ވެސް ވަރަށް މޮޅު… ހެ ހެ ހެ…” ރީޝަމް ހިތާހިތާ ހީނލެވުނުއިރު އެހިތަށް އެރިއެއްޗެހިހެން އޭނާގެ ހިތުގެތެޅުން އަވަސްވެއްޖެއެވެ. ލަދުވެދުތިގޮތަކަށް ޝަދަފަށް ބަލަހައްޓައިގެން އިންދާ އެތަނަށް ޔޫޝައު އަތުވެއްޖެއެވެ. ޔޫޝައު، ޝަދަފަށް ގޮވާލިއަޑުއިވިފައި ވަގުތުން ރީޝަމްގެ މޫޑު ހަރާބުވެއްޖެއެވެ. ތުންކޮޅަށް ވައްތަރެއްޖައްސާލުމާއިއެކު އޭނާގެ ގާތުގައި އައިސް ހުއްޓިލި ޔޫޝައުއަށް ގަދަކަމުން ހީނލައިފިއެވެ.

“ހާއި ރީޝް، ޑިފީ ގޮވައިގެން އެންމެ އެތެރެއަށްވަދެ ތިއިނީ އެންމެންނަށް ފިލަންވެގެންދޯ” ޔޫޝައު ހުއްޓިލުމާއިއެކު ރީޝަމްއަށް ބަލާލާފައި ބުނެލިއެވެ.

“ދާންވީތަ، ނިމުނީ ދޯ” ލަސްވެފައި އިން މީހަކު ފަދައިން ޝަދަފު ގޮނޑިން ތެދުވުމާއިއެކު ބުނެލިއެވެ. އެއާއިއެކު ޔޫޝައު އާއި ރީޝަމްގެ ނަޒަރު ކުއްލިއަކަށް އޭނާއަށް ހުއްޓިގެން ދިޔައެވެ.

“ބްރަދަރ، ކާމްޑައުން، މޮމް އަދިވެސް އިންނެވީ އާންޓީއާއި ވާހަކަދައްކަވަން، ނެވާ އެންޑިން ސްޓޯރީސް” ޔޫޝައު ލޮލުގެތެރޭ ކަޅިހިންގާލަމުން ބުނެލިއެވެ. ޚުދު އޭނާ ވެސް އަވަހަށް ގެއަށްދާން ބޭނުންވެފައި ހުރިކަހަލައެވެ.

“އީޝްތަ ކޮބާ، ލިވީ އާއިއެކު ދިޔައީތަ” ޝަދަފު އަހާލީ ޔޫޝައު ގާތުގައެވެ.

“ނޮޕް، އީޝްތަ ވެސް އެބައިން މޮމްމެންގެ ބޮޑު ސްޓޯރީގައި ޖެހިފައި، ލިވީ ބޯޑްވެފައި ބައްޕަގާތު އެބައިން، އަހަންނަށް ބޯޑަމް ޓޮލަރޭޓްނުކުރެވިގެން މިއައީ” ޔޫޝައު ލައިގެން ހުރި ކަޅުކުލައިގެ ސްކިނީގެ ދެޖީބަށް އަތްޖަހާލަމުން ބުނެލިއެވެ.

“ހާދަ އަވަހަކަށް ދާން ތިއުޅެނީ” ރީޝަމް ދެބެންގެ ވާހަކައިގެ ތެރެއަށް ވަނެވެ.

“އަވަހެއް ނޫނެންނު، އަހަރެން ޖެހޭނެ ވަރަށް ހެނދުނާ ތެދުވަން، ޖިމްއަށް ދާންޖެހޭނެ، ޔޫޝް، ހިނގާ މަންމަގާތުން ހުއްދަ ހޯދާއިގެން ގެއަށްދަމާ، އަހަންނަށް އެނގޭނެ ގެއަށްދާން” ޝަދަފު މިހެންބުނެ ކުރިއަށް ފިޔަވަޅު އަޅާލިއެވެ. ރީޝަމްގެ މޫނުމަތިން ހަނދުއޮއްސުނު ކަހަލައެވެ. މާޔޫސްކަމާއިއެކު ތުންފިއްތާލިއެވެ. ނަމަވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ.

* * * *

ދެފާރަތަށް މާގިނައިން ފުރޮޅެވޭ ރެއެއްކަން ޢިޒްވާއަށް އެނގެއެވެ. އެހެންވަނީ އޭނާގެ ލޮލަށް ނިދިނައިސްގެންނެވެ. ހިތާ ސިކުނޑި މަސައްކަތްކުރަމުންދަނީ ހުއްޓުމެއްނެތިއެވެ. އެކިއެކި ޚިޔާލުތައް އޭނާގެ ސިކުނޑި ނިދިޔަނުދީ ހިފާއްޓަމުން ދަނީއެވެ. ހިތަށްވެރިވާ ބައެއްކަހަލަ އިޙްސާސްތަކުން ކުއްލިކުއްލިއަށް ޢިޒްވާގެ ދެލޯ ބޮޑުކޮށްލެވެނީއެވެ. ވީއިރު ނިދާނީ ކިހިނެއްހެއްޔެވެ. މީހާ ވަރުބަލިވެގެން ކަހަލަ ގޮތަކަށް އެނދުން ތެދުވެ އިށީނުމާއިއެކު ފުންނޭވާއެއް ޢިޒްވާލިއެވެ. އަދި ބަލާލެވުނީ ބެލްކަންޏަށް ނުކުމެވެން ހުރި ދޮރާދިމާލަށެވެ.

“މިރޭ އެއްފަހަރު ވިޔަސް ފެނިނުލައިގެންތަ އަހަންނަށް މިވަރުމިވަނީ، ކީއްވެތަ އަހަރެންގެ ހިތާއި ސިކުނޑިއަށް ނުވިސްނިގެން މިއުޅެނީ، ބަސްނޭހިޔަސް މީދެން ބޮޑުވަރުކަންނޭނގެ، އެކަމަކު… އަޅޭ… ކިހިނެއްތަ އަހަންނަށް މިވަނީ، ހާދައޭ ދެކިލާހިތްވަނީ، އެއަޑުއަހާލާހިތްވަނީ” ޚިޔާލުތަކުގައި ހުރެ ބޭއިޙްތިޔާރުގައި ޢިޒްވާއަށް ތެދުވެވުމާއިއެކު ބެލްކަންޏަށް ނުކުންނަން ހުރި ދޮރާއި ދިމާލަށް ހިނގައިގަނެވުނެވެ. އޭރު ވެސް ހިތުގައި އެތަކެއް ސުވާލެއް އުފެދެމުންދިޔައެވެ.

ދޮރުފަތް ހުޅުވާލަން އަތްޖެހިމާއިއެކު ޢިޒްވާ ހުއްޓުނެވެ. ސިކުނޑީގައި އެހެން ޚިޔާލެއް އުފެދިގެން މަޑުކޮށްލާފަދަ ގޮތަކަށެވެ. އޭނާ ސިއްރު ސިއްރުން ދޮރުފޮތިގަނޑު ދޭތެރެއިން ކުރިމަތިން ފެންނަން ހުރި ބެލަންކަންޏަށް ނަޒަރު ހިންގާލިއެވެ. އެތަނުގައި މީހަކު ފެންނާކަށް ނެތެވެ.

“ދިޔައީ ކަންނޭނގެ، އަހަރެންގެ އިންތިޒާރުގައި ވަރަށް ގިނައިރު ހުރެފައި ކަންނޭނގެ އެދިޔައީ، ތަންކޮޅެއް ކުރިން ނުކުމެވުނުނަމަ ފެނުނީސްކަންނޭނގެ” ލުއިހިނިތުންވުމަކާއިއެކު ޢިޒްވާ އޭނާގެ އަމިއްލަ ނަފްސާ ވާހަކަދެއްކިއެވެ. މިފަދަ ހާލެއްގައި ޢިޒްވާ އުޅެއުޅެފައި އެންމެފަހުން އޮށޯވެއްޖެއެވެ. ނިދުނީ މާބޮޑަށް ވަރުބަލިވެގެންނެވެ. ނިދަން ބޭނުންވެގެންނެއްނޫނެއެވެ.

ރީތިވާ މޭޒުމަތީގައި ހުރި ގަޑީގެ އެލާމާއިއެކު ޢިޒްވާ ކޮޅަށް ޖެހުނެވެ. އެހެންނަމަވެސް އޭނާގެ ދެލޯ އޭރު އަދި ރަނގަޅަށް ނުހުޅުވެއެވެ. މަޑުމަޑުން ދެލޯ އުނގުޅަމުން އައިސް ގަޑީގެ އެލާމުކަނޑާލާފައި އެނބުރި އައިސް ފަރުޝާގެ މަގަތުން އަނެއްކާ ވެސް އޮށޯތެވެ. އެވަގުތު ހޭލެވިފައި އޮތް ފަރުޝާ ވަރަށް ހައިރާންވިއެވެ. ދަރިފުޅުގެ ގާތަށް މަގަތަށް އެނބުރިލާފައި ފަރުޝާ، ޢިޒްވާއަށް ބަލާލިއެވެ. އޭނާގެ ދަރިފުޅަށް ބަދެލެއް އައީހެން ހީވީއެވެ. މިނޫނީ ޢިޒްވާ އެލާމުކަނޑާލާފައި އައިސް އޮށޮންތަނެއް ފަރުޝާ ނުދެކެއެވެ. މިއަދު މާކަންނެތްވީ އަނެއްކާ އެދަރިފުޅު ބަލިވީބާއޭ ފަރުޝާގެ ހިތަށް އެރިއެވެ. އެއާއިއެކު އޭނާގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދިގެންދިޔައެވެ.

“ދަރިފުޅާ، ޢިޒްވާ، ފަތިސްނަމާދަށް ވެސް ގޮވައިފި، ގަޑި ވެސް އެލާމުއަޅައިފި، ކީއްވެތަ ނުތެދުވާންތިއޮތީ، އަނެއްކާ ބަލީތަ، ކިހިނެއްވަނީ، ތަނަކަށް ތަދުވަނީތަ” ކަންބޮޑުވެފައި އޮތް ފަރުޝާ، ޢިޒްވާގެ ނިތްކުރީގަ އާއި ކަރުދޮށުގައި އަތްޖައްސާލިއެވެ. ދަރިފުޅު އޮތީ ހުމާތޯ ބަލާލާފަދަ ގޮތަކަށެވެ.

“ރޭގައި ވަރަށް ލަހުން ނިދުނީ، އަދިވެސް ހާދަ ނިދިއާދެއޭ މަންމާ، ހަމައެއްގޮތަކަށް ވެސް ތެދުވާހިތެއްނެތް” ޢިޒްވާ ކަންނެތްރާގެއްލާފައި ރަޖާގަނޑުން ކުރިއަށްވުރެ ބޮޑަށް ހަށިގަނޑުން ފޮރުވާލަމުން ބުންޏެވެ.

“ދެން ތެދުވޭ، މިއަދު ތިއުޅެނީ އިބިލީސް ސަވާރުވެގެން، އެއްގޮތަކަށް ވެސް ތިހެން އޮވެގެން ނުވާނެ، މަންމަ ހީކުރީ ދަރިފުޅު ބަލިވީކަމަށް، އެކަމަކު މިހާރު އެނގިއްޖެ ދަރިފުޅުގެ ބޮލަށް އިބިލީސް ސަވާރުވެފައިކަން ތިއޮތީ، މަންމަ އާއިއެކު ތެދުވޭ، މަންމަ ވެސް މިދަނީ ވުޟޫކޮށްލައިގެން ނުކުމެ ނަމާދަށް އަރަން، އެންމެ ރަނގަޅުވާނީ ތިހެން ނޯވެ ތެދުވިއްޔާ، ނަމާދުކޮށްލާ ހަދާލަނިކޮށް ނިދިފިލައި ގައިގާ ވަރުޖެހިދާނެ” ފަރުޝާ އެއްގަތަކަށް ވެސް ޢިޒްވާ ބާއްވާކަހަލަ ޚިޔާލެއް ނުކުރިއެވެ. އަތުގައި ކޮށްޓައި ހަދައިގެން އޭނާ ތެދުކުރިއެވެ. އަދި ފަރުޝާ ފާޚާނާއަށް ވަދެފައި ނުކުމެ ޢިޒްވާ ކޮޅަށް ނަގައި ފާޚާނާއަށް ފޮނުވާލިއެވެ.

ފަރުޝާ ބުނީ ތެދެކެވެ. ނަމާދުކޮށްލައިގެން ފޭބި ޢިޒްވާއަށް ދުވަސްފެށުނީ ދެނެވެ. އެކަމަކު މިއަދަކީ އޭނާއަށް އެހެންދުވަސްދުވަހާއި ތަފާތު އިޙުސާސްތަކެއް ކުރެވޭ ދުވަހެކެވެ. އޮފީހަށް ދިއުމަށް ގެއިން ނުކުތުމާއިއެކު ދެލޯ ހޯދާލީ ޝަދަފު ކޮބައިތޯއެވެ. ޢިޒްވާ ހީކުރިގޮތަށް އޭނާ ހުރީ ތައްޔާރަށެވެ. ޢިޒްވާ ފެނުމާއިއެކު އޭނާގެ ފަހަތުން ޝަދަފު އައިސްފިއެވެ. ދެމީހުންގެ މެދުގައި ހިނިތުންވުމެއް ބަދަލުކުރެވިގެންދިޔައެވެ.

“ގުޑް މޯނިންގ” ޝަދަފު ބުނެލިއެވެ.

“ގުޑް މޯނިންގ” ޢިޒްވާ ލުއިލުއި ހިނިތުންވުމަކާއިއެކު ޝަދަފަށް ބަލަމުން ބުނެލިއެވެ.

“އަހަރެން މިގޮތަށް ފަހަތުން އަންނާތީ އުނދަގޫވޭތަ” ޝަދަފު އަހާލިއެވެ. އޭނާ ހަޤީޤަތުގައި ބޭނުންވީ ޢިޒްވާގެ ހިތްއޮތްގޮތެއް އެނގޭށެވެ. އޭނާ އާއިމެދު އެވެ.

“އަހަރެންގެ ގައިގާ އަތްނުލާހާ ހިނދަކު މިމަގުން މީހުން ހިނގަން އަހަންނަށް މަނައެއް ނުކުރެވޭނެ ދޯ” ރަޙުމަތްތެރި ރާގެއްގައި ޢިޒްވާ ބުނެލިއެވެ. އެއިން ޝަދަފަށް ނަގަންވީ މާނައެއް ދެނެގަންނަން ވަރަށް އުނދަގޫވިއެވެ. ޢިޒްވާގެ ލޮލާ އޭނާގެ ލޯ އަމާޒުވެއްޖެނަމަ ދެނީ އެއްމެސެޖެކެވެ. ދެހިތްވަނީ ނޭނގިނަމަވެސް ގުޅިފައެވެ. އެއްވިންދެއް ޖަހަންފަށާފައެވެ.

“އިޒޫމެން ގެތަ އެއީ” އިރުކޮޅަކު އެއްޗެއް ނުބުނެ ހިނިއައިސްފައި ހުރެފައި ޝަދަފު ބުންޏެވެ.

“ނޫން، އަހަރެން މާލެއެއްނޫން” ޢިޒްވާ ބުނެލިއެވެ.

“ރެންޓަށް ދޯ” ޝަދަފު މިހެން އަހާލުމުން ޢިޒްވާ ނިތްއަރުވާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.

“މާލޭގައި ގެތަށް ހުންނަނީ ހާދަކައިރިގައޭ ދޯ، އެކަމަކު މިފަހަރު އެއީ ގޯސްކަމެކޭ ބުނާކަށް ބޭނުމެއްނޫން، އަހަންނަށް ލެއްވި ނަސީބެއް އެއީ އަހަރެންގެ ކޮޓަރި ހުރި ފަޅީގައި އެހެން ގެއެއްގެ ބެލްކަނި ހުރުން، އެހެންނޫންނަމަ އިޒޫއަކާއި ދިމަލެއްނުވީސް” ޝަދަފު ބުންޏެވެ. އެހިނދު ޢިޒްވާއަށް ޝަދަފު ބުނަންއުޅޭއެއްޗެއް ކޮންމެވެސް ވަރަކަށް ފަހުމްވެގެންދިޔައެވެ.

“އިޒޫ އާއި ވަކިން ބައްދަލުކޮށްލާ ހިތްވޭ، އެކަން ކޮށްދެވިދާނެތަ” އެއްޗެއް ނުބުނެ ފަސްވަރަކަށް މިނެޓުހުރުމަށްފަހު އަނެއްކާ ވެސް ޝަދަފު ބުންޏެވެ.

“ވިސްނާލަންޖެހޭނީ” ޢިޒްވާ ނޫންގޮތް ދެއްކުމުގެ ގޮތުން ބުނެލިއެވެ. ޝަދަފު އެއްއަތުން ބޮލުގައި އަތްފުނާ އަޅާލުމާއިއެކު ޖިމް ދަބަސް އެއްއަތުން އަނެއްއަތަށް ބަދަލުކޮށްލިއެވެ.

“ޕްލީޒް، ވާހަކައެއް ދައްކާލަން އަހަންނާ މީޓުކޮށްލަންވީނު، މައްސަލައެއްނެތް ބެލްކަނީގަވިޔަސް” ޝަދަފު ބުނެލިއެވެ.

ޢިޒްވާގެ ފަރާތުން ޖަވާބެއްނައުމުން ޝަދަފުގެ ކެތްތެރިކަން ކޮޅުންލާގޮތްވިއެވެ. އަނެއްކޮޅުން ގޯޅިތެރެއިން ލާފައި އައިސް މައިމަގަށް ދެމީހުންނަށް އޭރު ނުކުމެވެނީއެވެ. އެހިސާބުން އޭނާ އާއި ޢިޒްވާ ވަކިވާނެކަން އެނގެއެވެ. ކުއްލިއަކަށް ޝަދަފު ޢިޒްވާގެ އަތުގައި ހިފިއެވެ. އެހިނދު ޢިޒްވާގެ ދެލޯ ބޮޑުކޮށްލެވުމާއިއެކު އޭނާގެ ދެފަޔާއިއެކު ނަޒަރުހުއްޓިގެން ދިޔައީ ޝަދަފަށެވެ.

“އިޒޫ ތިއުޅެނީ އަހަންނަކީ ކެތްތެރިއެއްނޫންކަން ސާބިތުކުރަންތަ” ޝަދަފުގެ އަޑުގައި ހުރީ އާދޭސްކުރާފަދަ ގޮތެކެވެ.

“ބެލްކަނީގައި އޯކޭވާނެ” މަގުގެ ވަށައިގެން އަވަސް ނަޒަރެއް ހިންގާލުމާއިއެކު ޢިޒްވާ މަޑުމަޑުން ބުނެލިއެވެ. އެއާއިއެކު ޝަދަފުގެ އަތްތިލަ ޢިޒްވާގެ އަތުގެ ކުޑަހުޅުން ދޫވެގެން ދިޔައެވެ. އެއަތުގައި ޢިޒްވާގެ އަނެއްއަތުން ހިފާލެވުމާއިއެކު ޝަދަފާއި ހަތަރުކަޅި ބައްދަލުކޮށްލިއެވެ.

“މިރޭ ބާރަޖަހާއިރު، އަހަރެން ބެލްކަނީގައި ހުންނާނަން” ޝަދަފު އެންމެ ސުކުންތުކޮޅެއް ވެސް ބޭކާރުކުރަން ބޭނުންނުވާފަދަ ގޮތަކަށް ބުނެލިއެވެ. ޢިޒްވާ މަޑުމަޑުން ބޯޖަހާލުމާއިއެކު އޭނާގެ އޮފީހަށް ދިއުމަށް ހިނގައިގަތެވެ. އެގޮތަށް ޢިޒްވާ ދިޔަދިމާލަށް ގެއްލިފައި ހުރެގެން ސޯޓުގެ ޖީބުގައި އޮތް އައިޕޮޑް ނަގައި އޭގެ ހެޑްސެޓު ކަންފަތަށް ޖަހާލިއެވެ. އައިޕޮޑުގައި އިނގިލިޖައްސާލުމާއިއެކު އިވެންފެށި އިނގިރޭސި ލަވައިން ޝަދަފުގެ ތުންފަތަށް ލުއިހިނިތުންވުމެއް ވެރިވެގެންދިޔައެވެ.

* * * *

ޢިޒްވާއަށް އޭނާގެ އަތުގައި ޝަދަފުގެ އަތްބީހުނު ހިސާބުގައި އަތްލެވުނީ ކިތައްފަހަރުކަމެއް ނޭނގެއެވެ. ތުންފަތަށްވެރިވެފައިވަނީ ލަދުވެތި ހިނިތުންވުމެކެވެ. ދޭތެރެއަކުން ރަކިވެގެންގޮސް އިސްޖަހާލެވެނީ އޭނާގެ ހިތަށް އަރާފައިބަމުންދާ ލާނެތް ޚިޔާލުތަކުންނެވެ. މުޅި ސިކުނޑި އާއި އޭނާގެ ކަންފަތުގެ ހިނދުރީގައި ހަރުލާފައިވަނީ ޝަދަފުގެ ފިރިހެންވަންތަ ހިތްގައިމު އަޑެވެ. މިރޭ އޭނާގެ އިންތިޒާރުގައި ޝަދަފު ހުންނާނޭކަން އެނގުނީއްސުރެން ޢިޒްވާގެ ހިތް އުފަލުން އުދުހެނީއެވެ. ބިމުންމައްޗަށް އޭނާ އުފުލޭތަން މީހަކަށް ނުފެނުނަސް ޢިޒްވާއަށް އިހުސާސްކުރެވެނީ ކުއްލިއަކަށް އޭނާގެ ހަށިގަނޑު ފަތެއްހާ ލުއިވެ ޖަޒުބާތުގެ ޚިޔާލުތަކުގެތެރޭގައި އުދުހެވޭހެންނެވެ. އެކުވެރިޔާ އައިސް ގާތުގައި ހުއްޓިލުމުން ވެސް ޢިޒްވާއަށް ރެއަކާނުލިއެވެ. ކޮމްޕިއުޓަރުގެ އިސްކުރީނަށް ގެއްލިފައި އިންގޮތަށް ޢިޒްވާއަށް އިނދެވުނީއެވެ.

“ހޭ! އަރ ޔޫ ޑޭ ޑްރީމިންގް” ސަމަރް ޢިޒްވާގެ ގޮނޑީގައި ހިފާ ދެފަރާތަށް ތަޅުވާލަމުން ބުނެލިއެވެ.

“ސައިބޯން ދާންވީ ދޯ” ސިއްސައިގެން ދިޔަކަން ސިއްރުކުރަމުން ޢިޒްވާ އަވަސް އަވަހަށް ބުނެލިއެވެ. އަދި ގޮނޑިތެދުވެ ސަމަރް އާއިއެކު ހިނގައިގަންނަން އުޅުނެވެ.

“އިހަށް މަޑުކޮށްބަލަ، ކޮންކަމަކަށް ގެއްލިފައި ތިއިނީ، ޝަދަފުގެ ޚިޔާލުގަތަ، ކޮންއިރަކުން އަހަންނާ މީޓުކޮށްދޭނީ” ސަމަރް ޔަޤީންކުރާ ކަހަލަގޮތަކަށް ބުނެލިއެވެ.

“ހެ ހެ ހެ… ސާބަސް، އެޚިޔާލަކު ނޫނޭ އަހަރެން އިނީ” ޢިޒްވާ ރަޙުމަތްތެރިޔާއަށް އޮޅުވާލަން މަސައްކަތްކުރިއެވެ.

* * * *

ހީނލާފައި މޭޒުމަތީ ހުރި ކޮފީ ޖޯޑު ތުނބުގައި ޖަހާލުމުން ޝަދަފު އެއްޗެއް ބުނަން ބޭނުންނުވީކަން އަސްމަހާނަށް އެނގުނެވެ. އެހެންނަމަވެސް އެވަރުން އޭނާ ދުލެއް ނުކުރިއެވެ. ކާމޭޒުދޮށުގައި ތިބި އެހެން ކުދިން ވެސް އޭނާގެ ވާހަކައިގައި ބައިވެރިކުރިއެވެ.

“ނިކަން ޔޫޝައު ދެކެބަލަ، އޭނާ މާލެ އަޔަސް އަބަދު އެއުޅެނީ ރައްޓެހިންނާއިއެކު، ކީއްވެތަ ޝަދަފުގެ ރައްޓެހިކުދިން މިކޮޅުގައި ނުތިބެންވީ” އަސްމަހާނު ބުނެލިއެވެ.

“އެހާ ގިނަ ރަޙުމަތްތެރިންތަކެއް ގެންގުޅުމަކީ އަޅުގަނޑު ކުރާހިތްވާކަމެއް ނޫން، މިހާރު ވެސް ފުދޭވަރަކަށް އަޅުގަނޑުގެ ރަޙުމަތްތެރިން އެބަތިބި، އީޝް ދޮންއަށް އެނގޭނެ އެކަން، ނޫންތަ” ޝަދަފު ބަލާލީ އީޝާ އަށެވެ.

“ޑިފީ ބޭރުގައި އުޅޭލެއް ވަކިމަދެއްނޫން، އަޅުގަނޑަށް ހީވަނީ މަންމަ އެބުނުއްވަނީ ޑިފީ އާއި ޑިފީގެ ބެސްޓުފްރެންޑު ދުރުވި ވާހަކަހެން” އީޝާ ނޫންގޮތަކަށް ބުނަން އުޅުނަސް އެއީ އަސްމަހާނުގެ ހިތުގައި އޮތްގޮތެވެ.

“ބެސްޓުފްރެންޑޭ، އެންޑް ހޫސް ދެޓް” ޝަދަފްއަށް ނަގައިގަންނާކަށް ފަސޭހައެއްނުވިއެވެ.

“ސިލީ، ޝީޒް ޓޯކިންގ އަބައުޓް ޔޯ ގާލްފްރެންޑް، ރީޝް” އަނގަގަދަވެލާފައި ޔޫޝައު ބުނެލިއެވެ. އެއާއިއެކު ޝަދަފުގެ މޫނުމަތި ބަނަވެގެން ދިޔަތަން ފެނުނެވެ. އަވަސް އަވަހަށް އިސްޖަހާލުމާއިއެކު ތަށީގައި އޮތް އުލާއި ވަޅީގެ އެހީގައި ބިސްގަނޑު ބައިބައިކޮށްލަމުން އެކާންއުޅޭގޮތް ދައްކާލިއެވެ.

އަސްމަހާނަށާއި މޭޒުދޮށުގައި ދެންތިބި ކުދިންނަށް ހީވީ ރީޝަމްގެ ނަން އިވުމުން ޝަދަފަށް އެއްޗެއް ބުނަން ނުކެރުނީކަމަށެވެ. އެހެންވެ އެންމެންގެ ހުނުމުގެ އަޑު އިވިގެންދިޔައެވެ. އެތިއެތި ފޮދުން ބޮމުން ދިޔަ ކޮފީތަށި ވެސް އެއްނޭވާއިން ބޯލުމާއިއެކު އައިސްއަލަމާރިން ކުޑަފެންފުޅިއެއް ހިފައިގެން ޝަދަފު އައީ އޭނާގެ ކޮޓަރިއަށެވެ. ހިތްހަމަނުޖެހިފައި ހުރިކަން ފާޅުކުރަން ބޭނުންނުވާތީއެވެ.

“ކޮންމެ ދޭތެރެއަކަށް ރީޝް ވައްދަންޖެހޭތަ، ވީ އަރ ޖަސްޓް ފްރެންޑްސް، ރީޝްއަށް މިކަހަލަ އަޑުތައް އިވިއްޖެއްޔާ ހީކުރާނީ ކީކޭ، ޔޫޝްގެ ބޮޑު އަނގަޔާއިހެދި…” ކޮޓަރިއަށް ވަދެވުމާއިއެކު ޝަދަފު އެނދުމައްޗަށް ފެންފުޅި އެއްލާލިގޮތަށް ދެކޮޅަށް ހިނގަންފެށިއެވެ. އަދި އެކަނިމާއެކަނި ހުރެ ވާހަކަދައްކަމުން ދިޔައެވެ.

“ކުރިއަށް ދަތުރެއް ރޭވިފައި އޮތްއިރު ޔޫޝްގެ ދޫހިމޭނުން ނޯންނާނެކަން ޔަޤީން، އޭނާ އަހަރުމެން ދެމީހުން އެކުގައި ހުއްޓާ ވެސް އެއްޗެއް ބުނާކަށް ފަހަކަށް ނުޖެހޭނެ، ރީޝްއަށް ވިސްނައިދޭންވީކަންނޭނގެ އެކަން، ޔޫޝްގެ ލާނެތްކަން އޭނާއަށް ވެސް އެނގޭނެ، އެހެންވީމާ އޭނާ އެހެންހުރެފައި ބުނެލާ އެއްޗެއް ރީޝް ސީރިއަސްކޮށް ނުނަގާނެކަންނޭނގެ” ޝަދަފު ނިތްކުރީގެ ދެފަރާތުން ބޮލުގައި ހިފާއްޓާލައިފައި ފުންނޭވާއެއްލީ ސިކުނޑީގެ އުދާސްކަން ބޭރުކޮށްލުމަށެވެ.

* * * *

ހަވީރުގެ ވަގުތެވެ. ޢިޒްވާ ތެޅެމުން ފޮޅެމުން އައިސް ގެއަށް ވަނެވެ. ސިޓިން ރޫމުގައި ހުރި ސޯފާއަށް އިޝާރާތްކޮށްލުމާއިއެކު ޢިޒްވާ އަވަސްވެގަތީ ކޮޓަރިއަށް ވަނުމަށެވެ.

“އަވިއްސެއްހެން ތިޔަދުވަނީ އަނެއްކާ ކޮންކަމެއް ލައިގަތީ” ފަރްޝާއަށް ޢިޒްވާގެ ހަރަކާތްތައް ހުރިގޮތް ފެނުމާއިއެކު ބުނެލިއެވެ.

“މަންމާ، މިދަނީ ކުލިނިކަށް ދާންވެގެން، އިންޑިއާގެ އެތެރެހަށީގެ ވަރަށް މޮޅު ޑޮކްޓަރެއް އެތަނަށް އައި ޚަބަރު އޮފީސް ކުއްޖަކު ދީގެން، މަންމަ ޑޮކްޓަރަށް ދައްކަންވެފައެންނު ތިހިރީ، އެހެންވެ…. ރާއްޖޭން ބޭރަށް ދާން އަދި ކުޑަދުވަސްކޮޅެއް ނަގާނެ އެންނު، އެތަނުން ފަސްގަޑިބައިވަންދެނޯ އެޕޮއިންޓްމެންޓު ވެސް ހަދައިދެނީ، ގުޅާ ގުޅާ ފޯނެއް ވެސް ނުނެގި، އެހާ ބިޒީއިރު ހީވަނީ އެތަނަށް ގޮސްގެން ނޫނީ މިކަމެއްނުވާނެހެން” ޢިޒްވާ މިހެންބުނެ ކޮޓަރީގެ ދޮރުލައްޕާލިއެވެ.

“އާން! ބޭރަށްނުގޮސް ފަރުޖެހެންޏާ ތިއީ ވަރަށް ރަނގަޅު ގޮތެއް” ފަރްޝާ މިހެން ބުނިއަޑެއް ޢިޒްވާއަކަށް ނީވުނެވެ.

ކޮޓަރިއަށް ވަދެވުމާއިއެކު އެނދުމައްޗަށް އަތްދަބަސް އެއްލާލުމާއިއެކު ތުވާލި ހިފައިގެން ޢިޒްވާ ވަނީ ފާޚާނާއަށެވެ. މޫނުދޮވެލުމާއިއެކު ތުވާލިން ހިއްކަމުން ފާޚާނާއިން ނުކުމެ އަލަމާރި ތެރެއިން ޖިންސަކާއި ޓޮޕުކޮޅެއް ނެގިއެވެ. ލޯގަނޑުން ލައިގެން ހުރި ގަމީސްކޮޅެއް ބަލާލަމުން ޢިޒްވާ ތުންފިއްތާލިއެވެ.

“މީ ސަމަރުގެ ކަންތައް، ކޮފީތަށި އަހަރެން ގަޔަށް ވަރާނުލިނަމަ ގެއަށް އަންނާކަށް ވެސް ނުޖެހުނީސް” އެކަނިމާ އެކަނި ހުރެ ކޮނޑުގައި އަޅުވާފައި އޮތްޖިންސާއި ޓޮޕުކޮޅު ވަކިކޮށްލަމުން ވާހަކަދެއްކިއެވެ. އަދި އުނުގައި ތުވާލި އޮޅާލުމާއިއެކު ޖިންސު ބަދަލުކޮށްލިއެވެ. އެއާއިއެކު ލައިގެން ހުރި ގަމީސްކޮޅު ބަލާފައި އެނދުމަތީ ބާއްވާލި ޓޮޕުކޮޅު ނަގައި ލައިފިއެވެ. އުނުގައި އޮތް ތުވާލި ދަމައިގަންނަމުން ފާޚާނާ ކައިރީ ހުރި ދަނޑީގައި އޭތި އަޅުވާލާފައި ފަހަތަށް އެނބުރިލިވަގުތު ޢިޒްވާ ދިޔައީ ސިއްސައިގެންނެވެ.

“ކުޑަކޮށްވެސް ހަނދާނެއްނެތް، ޢިޒްވާ…” އެތެރެއަށް ލީނޭވާ ހިފާއްޓާލެވުމާއިއެކު ޢިޒްވާގެ އަމިއްލަ ނަފްސަށް ބުނެލެވުނެވެ. އޭރު ބެލްކަނީގެ ދޮރުފަތިތައް ހުރީ އެއްފަރާތަށް ކަހާލާފައިކަމުން ކުރިމަތީހުރިގޭގެ ބެލްކަނީގައި ހުރި ޝަދަފު އެއްވެސް ހުރަހެއްނެތި ބިއްލޫރިދޮރުން ފެންނަމުން ދިޔައެވެ. ރަތްވަމުން ދިޔަ ޢިޒްވާގެ މޫނާއިއެކު ތުންފަތުގައި އޭނާއަށް ދައިގަނެވުނެވެ. ދުވެފައި އައިގޮތަށް ދޮރުފަތިގަނޑުގެ އެއްފަރާތުގައި ހިފާ ދަމައިގަތްގަތީނުން ހާމައަށް ފެންނަމުން ދިޔަ ބެލްކަނި ފޮރުވާލައިފިއެވެ.

* * * *

ދެލޯ ބޮޑުވެ ބަސްހުއްޓިފައި ހުރި ޝަދަފަށް ވަގުތުން ފުރަގަސްދެވުނެވެ. އެއާއިއެކު ބެލްކަނީގެ ހިލަރެއިލިންގައި ބާރަށް ހިފާއްޓާލެވުމާއިއެކު އޭނާއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. ފެނުނު މަންޒަރު ސިކުނޑިން ނެރެލަން ބޭނުންވިއެވެ. އޭނާ ހުރީ ޢިޒްވާ ދެކިލާ ހިތުންނެވެ. އެކަމަކު އޭނާއަށް އެފެނުނީ އޭނާ ބަލަން ބޭނުންވި ފަދަ މަންޒަރެއް ނޫނެވެ.

“އަހަންނަށް އިޒޫ އެގޮތަށް ފެނުމުން ބަލަންހުންނާކަށް ނުވާނެކަން އެނގޭއިރު ވެސް ހަރަކާތެއްނުކުރެވުނީ ކީއްވެތަ، ޝިޓް…ޝިޓް…ޝިޓް” ޝަދަފް ރެއިލިންގައި މުއްކަވާލި އަތުން ޖަހާލިއެވެ. އަދި އަވަސް އަވަހަށް ފަސްއެނބުރި ބަލާލުމެއްނެތި ކޮޓަރިއަށް ވަދެގެން ދިޔައެވެ. އޭނާއަށް ޢިޒްވާއަށް ވީގޮތް ވަރަށް ރަނގަޅަށް ފެނުނެވެ. އޭނާގެ މޫނުމަތިން ލަދުވެތިކަން ފާޅުވެގެންދިޔަ މިންވަރު ފެނުމުން އިތުރަށް ޝަދަފަށް އޭނާގެ ޟަމީރު ކުށްވެރިކުރެވުނެވެ.

* * * *

ގުޑިލަން ނުކެރިފައި ހުއްޓެއްކަމަކު ޢިޒްވާގެ ސިކުނޑިއަށް އައީ މަންމަ ފަރުޝާގެ ޚިޔާލެވެ. ނަފުސަށް ވެފައިހުރި އުނދަގުލާއިއެކު ވެސް ޢިޒްވާ ކުރިއަށް ފިޔަވަޅު އަޅާލުމާއިއެކު އަތް ދަބަސް ހިފައިގެން ކޮޓަރިން ނުކުތެވެ.

“ދެން ދެވޭނެ” ޢިޒްވާ ކޮޓަރިން ނުކުތުމާއިއެކު ފަރުޝާ ގަޑިބަލާލަމުން ބުނެލިއެވެ. ޢިޒްވާ އަނގައިން ބުނުމުގެ ބަދަލުގައި ބޯޖަހާލަމުން އަވަސް އަވަހަށް އެޕާޓްމެންޓުން ނުކުތެވެ.

އިރުއޮއްސި އަނދިރިކަން ދުނިޔެމައްޗަށް އަތްގަދަކޮށްފައިވެއެވެ. އާދަޔާއި ޚިޔާލު ހިމޭންކަމެއް ޢިޒްވާގެ ޠަބީޢަތައްވެރިވެފައިވާކަން ފަރުޝާއަށް ނަގައިގަނެވުނެވެ. އެކަމާ ގުޅިގެން ސުވާލުކުރުމުން ވެސް ޢިޒްވާ އެދެވޭ ޖަވާބެއް ފަރުޝާއަކަށް ނުދިނެވެ. ކޮންމެ ފަހަރަކު އެހެން ވާހަކައަކުން ފަރުޝާގެ ސުވާލު އޮއްބާލަނީއެވެ. ރޭގަނޑު ކާން އިންއިރު ޢިޒްވާގެ ނަޒަރު ހުއްޓާލައިގެން އިނީ ޓީވީއަށް ކަމަކު އޭނާގެ ސިކުނޑީގައިވަނީ އެހެން ޚިޔާލެކެވެ. ޝަދަފުގެ ސޫރަށް ސިކުނޑީގައި ކުރެހިފައިވާކަހަލައެވެ. އެޒުވާން ފިރިހެންވަންތަ މޫނު ވަރަށް ކައިރިން ފެންނަކަހަލައެވެ. އެސްފިޔަޖަހާލުމެއްނެތި އޭނާއަށް ބަލާކަހަލައެވެ. އަނގަޏާއި އަތްކައިރިކޮލުން ވެސް ޢިޒްވާއަށް ދަތިވެގެންދިޔައެވެ. އެންމެފަހުން ކާންއިން ތަށި ހިފައިގެން ސިންކު ދޮށަށްގޮސް އަތްދޮވެފިއެވެ.

މިރޭ ފަރުޝާއަށްވުރެ ކުރިން ޢިޒްވާ އެނދަށް އަރިއޮތެވެ. ބާލީހެއްގައި ބައްދާލައިގެން ދެލޯމަރާލައިގެން އޮތްތަން ފެނުމުން ފަރުޝާއަށް ހީވީ ޢިޒްވާ މާބޮޑަށް ވަރުބަލިވެފައި އޮތްހެނެވެ. އެގާރަޖެހިއިރު ސިޓިން ރޫމުގައި ހުރި ޓީވީ އާއި ހޮޅިބުރިތައް ނިއްވާލާފައި ފަރުޝާ ވެސް ކޮޓަރިއަށް ވަނީ ނިދާށެވެ. އޭނާ ދަރިފުޅަށް ހިލަމެއްވެދާނެތީވެ ނިކަން މަޑުމަޑުން އެނދުގެ ބިއްދޮށަށް އަރައި އޮށޯވެލިއެވެ. އަދި ޢިޒްވާގެ ގަޔާއިއެކު އޭނާ ރަޖާއަޅާލިއެވެ. ފަރުޝާއަށް ފުރަގަސްދީގެން އޮތް ޢިޒްވާ ލޯހުޅުވާލިކަމެއް ފަރުޝާއަކަށް ނޭނގެއެވެ. އޭނާ އެއޮތީ ބޮޑުފިކުރެއްގައިކަމެއް ނޭނގެއެވެ. ސިއްރު ސިއްރުން ބާލީސްދަށުގައި އޮތް ފޯނުން ގަޑިބަލަމުން ޢިޒްވާ ދިޔައެވެ. ހަދާނެގޮތެއް ނޭނގިފައި އޮތްކަހަލައެވެ. ކުރިން ޝަދަފާއި ބައްދަލުކުރަން ބޭނުންވިޔަސް މިހާރު އޭނާ ވަރަށް ބޮޑަށް ފަސްޖެހިއްޖެއެވެ. ލަދުވެސް ގަނެއްޖެއެވެ. ރުޅި ވެސް އާދެއެވެ. އެތަކެއް އިހުސާސްތަކެއް އެއްފަހަރާ ކުރެވެމުންދިޔައެވެ. މިފަދަ ގޮތަކަށް ވިސްނުމުގައި ޢިޒްވާ އޮއްވާ ގަޑިން ބާރަ ޖަހައިފިއެވެ. ފޯނު ބަލާލެވުނު އިރު ބާރަޖައި ދިހަމިނެޓު އިތުރަށް ހިނގައިފިއެވެ. އޭނާއަށް ވީގޮތެއް ނޭނގުނެވެ. ހާސްވެފައި ހުރެވެސް އެނދުން ތެދުވެވުނީ ބޭއިހްތިޔާރުގައެވެ.

ދެކޮޅަށް ހިނގާލުމާއިއެކު އަނެއްކާ ވެސް އަތުކުރީ އޮތް ގަޑިއަށް ޝަދަފު ބަލާލިއެވެ. ދެންބަލާލެވުނީ ކުރިމަތީ ހުރި ބެލްކަންށެވެ. ކެތްތެރިކަން ކުޑަވެފައި ހުރި ފަދަ ގޮތަކަށް އަތުން ފައިގައި ޖަހާލާފައި އައިސް ބެލްކަނީގެ ރެއިލިންގައި ދެއަތްއަޅުވާލަމުން ކުރިއަށް ގުދުވެލިއެވެ. އަދި ވިސްނުންތެރިކަމާއިއެކު ކުރިމަތީގައި ހުރި ބެލްކަނީގެ ދުރުމިން އަންދާޒާކުރަން ފެށިކަހަލައެވެ. އޭނާ ފުންމާލަން ވިސްނަނީކަންނޭނގެއެވެ. އެކަމަކު އެހިސާބުން ވެއްޓިއްޖެއްޔާ ގުނަވަނެއް ބިންދައިގެން ނުގޮސް ސަލާމަތެއްނުވާނެއެވެ. އަނެއްކޮޅުން މީހާގެ ފުރާނަ ވެސް ހިނގައިދާނެއެވެ.

“އިޒޫ…” ކުއްލިއަކަށް ހުޅުވާލި ދޮރުން ބެލްކަންޏަށް ނުކުން ޢިޒްވާ ފެނުމުން ޝަދަފަށް ވައިއަޑުން ބުނެލެވުނެވެ. ހަރަކާތްތަކަށް ބަދަލުއައުމާއިއެކު ބެލްކަނީގެ ރެއިލިންގް އާއި ކުރިއަށްވުރެ ކައިރިވެލަމުން ޢިޒްވާއަށް ބަލަންފެށިއެވެ. އެހިނދު ކުއްލިއަކަށް ސިކުނޑިތެރޭ އެނބުރިގަތީ އޭނާއަށް މިއަދު ފެނުނު މަންޒަރެވެ. ހަޤީޤަތުގައި އެއީ އޭނާއަށް ފެނިގެން ނުވާނޭ މަންޒަރެކެވެ. އެހެނަސް އެކަމަކުގައި ކުށްވެރިކުރަންވީ ކާކުކަމެއް ދެމީހުންކުރެ އެކަކަށް ވެސް ނުވިސްނެއެވެ. ޝަދަފު ދައްކަން ބޭނުންވެފައި ހުރި ވާހަކަތައް ފަށާނީ ކިހިނެއްކަމެއް އޭނާގެ ސިކުނޑިއަކަށް އެވަގުތު ނުވިސްނުނެވެ. ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ޝަދަފަށް ވިސްނުނީ ޢިޒްވާ އިސްވެ އަނގައިން ނުބާނެކަމެވެ. ޢިޒްވާހުރީ އޭނާގެ އެޕާޓްމެންޓުން ބެލްކަންޏަށް ނުކުމެވެންހުރި ދޮރުގައި ލެނގިލައިގެން ކަހަލަ ގޮތަކަށެވެ. ޝަދަފުގެ ބެލްކަނިން އެޅިފައި އޮތް ފަނޑުއަލިކަމުގެ ތެރެއިން ޢިޒްވާގެ މޫނު ފެންނަނީ ކިރިޔާއެވެ.

“އައި އެމް ރިއަލީ ސޮރީ، ވަރަށް ދެރަވެއްޖެ އެކަންއެގޮތަށްދިމާވީމަ، އިޒޫ ލަދުގަންނާނެވަރު އަހަންނަށް ވިސްނޭ، ހިތަށްއަރަނީ އެހެންވެބާއޭ އިޒޫ ތިހުންނަނީ މިކޮޅަށް އަހަންނަށް ފެންނަ ހިސާބަށް ނާންނަން” ޝަދަފު ބެލްކަނީގައި ދެއަތްއަޅުވާލަމުން ކުރިއަށް ގުދުވެލާފައި ވާހަކަދެއްކިއެވެ.

“ޕްލީޒް، މިރޭ އިޒޫ ނުކުތީމަ އަހަންނަށް ޔަޤީންވިކަމަކީ އިޒޫ ތިހުރީ އަހަރެން ބުނަން މިއުޅޭ އެއްޗަކާއިމެދު ޝައުގުވެރިވެފައޭ، އެހެންވީމަ މިކޮޅަށް އަހަރެން ދައްކާ ވާހަކަ އަޑުއަހާލަން އައިސްދީ، އެންމެނަށް އިއްވާ ޢިއުލާންކުރާކަށް އަހަރެން ވެސް ބޭނުމެއްނޫން، ބުނަން ބޭނުންވެގެން މިއުޅޭ އެއްޗެއް ފާޅުކުރަން ބޭނުންވަނީ ހަމައެކަނި އިޒޫ ގާތު، ސޯ ޕްލީޒް، ވިލް ޔޫ ކަމް ކްލޯސަރ”  ޝަދަފަށް ޢިޒްވާގެ ފަރާތުން އެއްވެސް އިޝާރާތެއް ނުލިބި ގިނައިރުވަމުން ދާތީވެ އަނެއްކާ ވެސް އޭނާ ވާހަކަދެއްކިއެވެ.

ފަނޑުއަލިކަމުގެތެރޭގައި ފިލާހުރި ޢިޒްވާ މަޑުމަޑުން އިސްޖެހިފައިހުރެ ކުރިއަށް ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން ދިޔައެވެ. ހީވީ ފައިތިލައަށް ބަލަހައްޓައިގެންހުރެ ފިޔަވަޅު ގުނަމުން އައިހެންނެވެ. ލަދުވެތިގޮތަކަށް ބެލްކަނީގެ ވަށައިގެން ރާނާފައިހުރި ތިރިފާރުގައި ޢިޒްވާ ޖެހުމާއިއެކު ހުއްޓުނެވެ. އެވަގުތު ޢިޒްވާގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވެ ބަލަންހުރި ޝަދަފުގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. އަދި މޫނުމަތިން ހަމަޖެހުމުގެ އަސަރުތައް ފާޅުވެގެންދިޔައެވެ.

“މިއަދު ވަރަށް ބުރަ ދުވަހަކީތަ” ޝަދަފު ބެލްކަނީގައި އަތްއަޅުވާލައިގެން އޮވެ އަހާލިއެވެ. އޭގެ ޖަވާބެއްގެ ގޮތުން ޢިޒްވާ ބޯޖަހާލިއެވެ. އެގޮތަށް ޝަދަފު އެތައްސުވާލެއް ކުރުމުންވެސް ޢިޒްވާގެ ދުލުން ބަހެއްނުކިޔެވެ. މުޅިން ވެސް ޖަވާބުދެމުން އައީ އިޝާރާތުންނެވެ. އެގޮތް ޝަދަފަށް ކަމަކުނުދިޔައެވެ.

“މަންމަން މީހުން ވެސް ކޮންމެވެސް އަޑެއްލައްވާނެ، އިޒޫނުވޭ މަންމަނަކަށް ވެސް، ކީއްވެތަ އަހަންނާ ތިގޮތަށްތިވާހަކަދައްކަނީ، އިޒޫގެ އަޑުއަހާލާހިތުން އަހަރެން މިހިރީ، އެއްފަހަރު ވެސް ތިއަޑު ނިކަން އިއްވާލަދީބަލަ” ޝަދަފު މިހެންބުނުމުން ޢިޒްވާ ބަލާލީ ތަފާތު ނަޒަރަކުންނެވެ.

“ޝަދަފު އަހަރެން ތިނެރުނީ އަހަރެންގެ ހާލުއޮޅުންފިލުވައި އަހަރެން ކައިފިންތޯ، ކެއީ ކޯއްޗެއްތޯ އަހަންތަ” ޢިޒްވާ އަވަސްއަވަހަށް ބުނެލިއެވެ.

“ހެ ހެ ހެ… ނޫން! އެކަމަކު ތިބުނީ މުޅިއަކުން ދޮގެއް ވެސް ނޫން، މާގިނައިރަކު މިތާ ބަހައްޓާކަށް ގަސްދެއްނުކުރަން، އެކަމަކު އިޒޫގެ ފަރާތުން ލިބިދާނޭ ޖަވާބަކާއިމެދު ވަރަށް ވިސްނޭ” ޝަދަފު ބުންޏެވެ.

“މަންމައަށް ހޭލެވިއްޖެއްޔާ ހޯދަން އަންނާނެ” ޢިޒްވާ ބުނެލިއެވެ.

“މިވެގެންއުޅޭގޮތަކީ އަހަންނަށް… އަހަންނަށް އިޒޫ ކަމުދިޔައީ، އައި ރިއަލީ ލައިކް ޔޫ، ހިތްކަމަކަށް އެދުމުން އެކަން ނުކޮށްހުރުމަކީ އަހަންނަށް ވަރަށް އުނދަގޫކަމެއް، އިޒޫގެ ކުރިމަތީ މިހިތްނަގާ ފަތުރާލެވެންޏާ އެކަންވެސް ކުރީމުސް، އޭރުން ދުލުން ބަޔާންކުރަން ދަތިވިޔަސް، އަހަރެންގެ ހިތް އެދެނީ ކޮންކަމެއްކަން އިޒޫއަށް އެނގޭނެއެންނު” ޝަދަފު މިހެންބުނީ ކޮންމެވެސް ވަރަކަށް ފިނިވެފައިހުރެއެވެ. އޭނާ ދުވަހަކުވެސް މިނޫނިއްޔާ އަންހެން ކުއްޖަކަށް ހިތްކިޔައިގެން އެކަން އަންގާފައެއްނުވެއެވެ.

“ޝަދަފު ބުނަންއުޅޭއެއްޗެއް އަދި ސާފެއްނުވި” ޢިޒްވާ ބޭނުންވީ ޔަޤީންކޮށްލާށެވެ.

“އިޒޫއަށް ހަމަނޭނގުނުތަ އަހަރެން ބުނަން މިއުޅޭ އެއްޗެއް” ޝަދަފު ހިނިއައިސްފައި ހުރެ ބުނެލިއެވެ. އެކަމަކު އޭނާގެ ހިތުގައިވާ ހުރިހާ އެއްޗެއް ޢިޒްވާގެ ކުރިމަތީ ބަންޑުންކޮށްލުން އުނދަގޫކަމަކަށްވެގެންދިޔައެވެ. ރޭގަނޑުގެ ބައްދަލުވުން ތޮޅިޔަށްދިޔައީއެވެ. ޢިޒްވާގެ ފަރާތުން އެއްވެސް އިޝާރާތެއް ނުލިބުމުންނެވެ. ޝަދަފަށް ފާޅުގައި ޢިޒްވާދެކެ ލޯބިވާކަން ބުނަން ވެސް އެވަގުތު ނުކެރުނީއެވެ.

ކޮޓަރިއަށް ވަދެގެން އައި ޢިޒްވާގެ ތުންފަތުގައިވަނީ ހިތަށްފިނިކަން ލިއްބައިފަދަ ހިނިތުންވުމެކެވެ. މަޑުމަޑުން އައިސް ފަރުޝާގެ މަގަތުން އޮށޯވެއްޖެއެވެ. އޭނާއަށް ޝަދަފު ބުނަން އެއުޅެނީ ކީކޭކަން އެނގެއެވެ. އެހެންނަމަވެސް ގަސްދުގައި ނޭނގޭކަމަށް ހެދީއެވެ. ބޭނުންވީ ޝަދަފުގެ ދުލުން “ލޯބި” އެލަފުޒު ކިޔުއްވުމެވެ. އެއީ ޢިޒްވާގެ ހާލަކީވެސް އެއީއެވެ. އޭނާއަށް ކިހިނެއްކަމެއް ނޭނގުނަސް ޝަދަފުގެ މައްޗަށް އޭނާގެ ހިތްވެސް ވަނީ ލެނބިފައެވެ. ހިތަށް އަރަމުންދިޔަ އެކި އެއްޗެހިން ދޭތެރެ ދޭތެރެއިން ޢިޒްވާ ހިނިތުންވަމުންދިޔައެވެ.

* * * *

ރޭގައި ޝަދަފުގެ ލޮލަށް ނިންޖެއްނައެވެ. އޭނާ ހަތަރުދަމުއޮތީ ހޭލައެވެ. އާދައިގެ މަތިން ހެނދުނު އެލާމު އަޅާގަޑިއަށް އެނދުގެ އަރިމަތީކުޑަމޭޒުގައި ބާއްވާފައި އޮތް ޝަދަފުގެ ފޯނުން އެލާމު އަޅަންފެށިއެވެ. ފުންމައިގެން ތެދުވެ ފާޚާނާއަށްވަދެ ތައްޔާރުވެލިއެވެ. އަދި ޢިޒްވާ ގެއިން ނުކުންނަންވާއިރަށް ޝަދަފު އައިސް ގޯޅީގައި ގިނަވެގެން އުޅޭ ގުރޫޕުގެ ތެރެއަށް ވަނެވެ. އޭނާ އިންތިޒާރު ކުރަމުން އައީ ޢިޒްވާ ނުކުންނާނެ އިރަކަށެވެ

ދޮރޯށިން މަގުމައްޗަށް ނުކުމެވުމާއިއެކު ޢިޒްވާ އެންމެ ފުރަތަމަ ވެސް ބަލާލީ އެތަނުގައި އޮންނަ ގުރޫޕުގެތެރޭގައި ޝަދަފު ހުރިތޯއެވެ. ލޮލުގައި ޝަދަފު އަޅައިގަތުމާއިއެކު ވަގުތުން ޢިޒްވާ އިސްތިރިކޮށްލެވުމާއިއެކު ކުރިއަށް ހިނގައިގަތެވެ. ޝަދަފު ދުވެފައި އައިސް އޭނާ އާއި އެއްވަރުކުރިއެވެ. އެއްޗެއް ނުބުނެ ތިބެ ދެމީހުން އެކުގައި ހިނގަމުން މައިމަގަށް ނުކުންނަން ދިޔައެވެ.

“އައި ލަވް ޔޫ… އައި ލަވް ޔޫ އިޒޫ…ސީރިއަސްކޮށް… އައި ލަވް ޔޫ” ޝަދަފާއި ވަކިވެގެން ޢިޒްވާ ދިއުމުގެ ކުރިން ކުއްލިއަކަށް ޝަދަފު ޢިޒްވާގެ އަތުގައި ހިފަމުން ބުންޏެވެ. ޢިޒްވާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ޝަދަފުގެ އަތްފޮޅުވައިލާކަށް ބޭނުމެއްނޫނެވެ. ޝަދަފުގެ ލޮލަށް ނަޒަރުހުއްޓާލައިގެން ހުރިއިރު އެދެލޮލުން އެކަނިވެސް އެބުނާ އެއްޗެއްގެ ތެދުކަން ޢިޒްވާއަށް ހާމަވެގެންދިޔައެވެ.

“އެއްޗެއް ނުބުނެ ދަނީތަ” ޢިޒްވާގެ އަތުން ދޫކޮށްލަމުން ޝަދަފު ބުނެލިއެވެ.

“ފަހުން…” ޢިޒްވާއަށް ދޭނެ ޖަވާބެއް ނޭނގުނީތީ ހިނގައިގަންނަން އުޅެފައި ބުނެލިއެވެ.

“ނޫން! ޖަވާބެއް ދީފައި ދެވޭނީ” ޢިޒްވާގެ ކުރިއަށް ހުއްޓިލަމުން ޝަދަފު ހަރުކަށިގޮތަކަށް ބުނެލިއެވެ.

“އޮފީސް ގަޑިޖެހެނީ” ޢިޒްވާ ބަހަނާއެއް ދައްކާލިއެވެ. ޝަދަފު އޭނާގެ އަތުކުރީގައި އޮތް ގަޑިއަށް ބަލާލާފައި އެއްފަރާތަކަށް ޖެހުނެވެ. ޢިޒްވާ އުޒުރަކަށްދެއްކީ ޤަބޫލުކުރެވޭވަރުގެ އުޒުރަކަށްވީތީ ޝަދަފަށް އިތުރަށް ޢިޒްވާ ހުއްޓުވާކަށް ނުކެރުނެވެ. އެހެންނަމަވެސް ޝަދަފުގެ މޫނުމަތިން އާދަޔާއި ޚިޔާފު ޖޯޝެއްގެ އަސަރު ފާޅުވަމުންދިޔައެވެ. އޭނާ މަޑުޖެހިލާފައިވެސް ޢިޒްވާ އާއިއެކު ހިނގައިގަތެވެ. ހިނގަމުންދިޔައިރު އިރުއިރުކޮޅާ އޭނާއަށް ޢިޒްވާދެކެ ލޯބިވެވިއްޖެކަން ހާމަކުރަމުންދިޔައެވެ.

އޮފީހަށް ވަންނަންދެން ޝަދަފު ހުރީ ޢިޒްވާގެ ގާތުގައެވެ. އެނބުރިގެއަށް އައުމުގެ ބަދަލުގައި ޝަދަފު ގުޅާލީ ނަވާލަށެވެ. ގިނައިރުތަކެއްނުވެ ނަވާލު އޭނާގެ ކާރުގައި ޝަދަފު ބަލާއަތުވެއްޖެއެވެ. އޭނާގެ ހިތުގެ ހާލުގެ ވާހަކަ އެއްވެސް ފަސްޖެހުމެއްނެތި ނަވާލަށް ކިޔާދިނީ އެވަގުތު އެކާރުގައި ދަތުރުކުރަމުންނެވެ. ނަވާލު، ޝަދަފު ގޮވައިގެން ކަސްރަތުކުރާ ސެންޓަރަށް ވަންއިރު ވެސް ޝަދަފުގެ މޫނުމަތިން ފެންނަނީ ކެތްތެރިކަން ކުޑަވެފައި ހުރިވަރެވެ.

އޮފީހުގައި ތައްޔާރުކުރަން ޖެހުނު ކޮންމެ ލިއުމެއްގައިހެން ތިން ހަތަރު ކުށްފެންނަވަރުން ޢިޒްވާއަށް މިއަދު ހުރީ ކިހިނެއްވެފައިތޯ އެސިސްޓެންޓު ޑިރެކްޓަރ ސުވާލުކުރެއްވިއެވެ. ޢިޒްވާ ބަލީތޯ ނޫނީ ގޭތެރޭގެ، ޢާއިލީ ކަމަކާ ކަންބޮޑުވެފައިތޯ ހުރީ ވެސް އެހިއެވެ. އެކަކު ގާތުވެސް ހިތުގެ ހާލު ބަޔާންކުރާނެހާ ހިތްވަރެއް ޢިޒްވާއަކަށް ނުލިބުނެވެ. އޭނާގެ ސިކުނޑީގައި މުޅިދުވަހު އޮތީ ޝަދަފުގެ ޚިޔާލެވެ. އޮފީހުގެ މަސައްކަތުގެ ގަޑި ނިމުމާއިއެކު އެހެންދުވަސް ދުވަހާއި ޚިލާފަށް މާއަވަހަށް ޢިޒްވާ އޮފީހުން ނުކުތެވެ. ސަމަރް ހުރީ ކަންބޮޑުވެފައިކަމަށްވާތީ ޢިޒްވާ ކޮންމެވެސް ވާހަކައެއް ދައްކައިގެން އެކަން ހަމައަކަށް އަޅުވާލިއެވެ. އަދި ސަމަރް އާއި ވަކިވެގެން ބާރު ބާރަށް ހިނގަމުން ގެއާއި ދިމާލަށް އައެވެ.

“އައި ލަވް ޔޫ” ޢިޒްވާ އޮފީސް ނިންމާފައި އައިސް ގޯޅިއަށް ވަންނަންއުޅުނު ވަގުތު ކަންމަތީގައި މަޑުކޮށްލައިގެން ހުރި ޝަދަފު އައިސް ޢިޒްވާގެ ގާތުގައި މަޑުކޮށްލަމުން ބުނެލިއެވެ. ވަގުތުން ޢިޒްވާގެ މޫނުމަތިން ރަކިވެފައި ހުރިކަން ފާޅުވެގެންދިޔައެވެ. އެވަރުން ޝަދަފު ދުލެއްނުކުރިއެވެ.

“އިޒޫއަށް އަހަރެން ކަމުދޭތަ ޕްލީޒް ބުނެބަލަ” ޝަދަފު ބުންޏެވެ. އަދި ހިނގަމުންދިޔައިރު ޢިޒްވާގެ އަތުގައި ޝަދަފުގެ އަތް ދޭތެރެއަކުން ބީހިލައެވެ. އެފަދަ ކޮންމެ ހިނދުކޮޅަކު ޢިޒްވާގެ ހިތައް ކަރަންޓު ޝޮކެއް ޖެހިގެންދާކަހަލައެވެ. ތަކުރާރުކޮށް އެއްސުވާލެއް ކުރަން ފެށުމުން އެންމެފަހުން ޢިޒްވާ އިސްއުފުލާ ޝަދަފަށް ބަލާލިއެވެ. އޭރު އޭނާ ހުރީ އެޕާޓްމެންޓާއި ހަމަޔަށް ދިއުމަށްޓަކައި އިމާރާތުގެ ދޮރޯށިކައިރީއެވެ.

“ހޫމް! ކަމުދޭ… އަހަންނަށް ޝަދަފު ކަމުދޭ” ލަތުވެތި ގޮތަކަށް މަޑުމަޑުން ޢިޒްވާ ބުނެލިއެވެ. ލިބުނު ހިތްހަމަޖެހުމާއިއެކު ޝަދަފަށް ޢިޒްވާގެ ދެއަތުގައި ހިފާލެވުމާއިއެކު ބާރުކޮށްލެވުނެވެ. އަދި ދެއަތްތިލާގައި އޭނާ ބޮސްދިނެވެ. ޢިޒްވާ އެއަތުގެތެރެއިން އަތްދަމައިގަތުމާއިއެކު ހިނިއައިސްފައި ހުރެ އެތެރެއަށް ދެމިގަތެވެ. އެއާއިއެކު ނިކަން ހަލުވިކޮށް ސިޑިން އަރައިގެން ދިޔައެވެ. ކޮންމެވެސް ވަރަކަށް ދޮރޯށީން އެތެރެއަށް ވަދެހުރެ ޝަދަފު ހިނިއައިސްފައި ޢިޒްވާ ސިޑިން އަރައިގެންދިޔަ މަންޒަރު ބަލަންހުއްޓެވެ. ލޮލުކޮޅަށް ޢިޒްވާ ގެއްލުމުން ޝަދަފު އޭނާއަށް ލިބުނު ޖަވާބާއިމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިގެންދިޔައެވެ.

“ސް… ސް…. ސް… އިޒޫ، އިޒޫ…” މީހަކު މާސިއްރުން ގޮވާހެން ހީވެގެން މާގަސްތަކާއިދިމާލަށް ގުދުވެގެން އޮތް ޢިޒްވާ ހިންދެމިލަމުން ބަލާލިއެވެ. އޭރު ޝަދަފު ހީވަނީ ބެލްކަނިން ފުންމާލައިގެން ޢިޒްވާގެ ގާތަށް ދެންމެ ދެންމެ އައިސްދާނެހެންނެވެ. ކަންބޮޑުވުމުގެ ނަޒަރަކުން ޢިޒްވާ، ޝަދަފަށް ބަލާލިއެވެ.

“ތިހެން އުޅެނިކޮށް ވެއްޓިދާނެ” އިޒްވާ، ޝަދަފަށް އަޑުއިވޭނޭވަރަށް ބާރަށް ބުނެލިއެވެ.

“ނަންބަރު…. ޕްލީޒް، ފޯން ނަންބަރު ދީބާ..” ޝަދަފު އޭނާގެ އަތުގެ އިޝާރާތުންނާއިއެކު ޢިޒްވާގެ ފޯނު ނަންބަރު ބޭނުންކަމުގައި ބުންޏެވެ. އެހިނދު ކުޑަކުޑަކޮށް ހީނލި ޢިޒްވާ ބެލްކަންޏާއި ބޮޑަށް ކައިރިވެލާފައި ޝަދަފަށް އޭނާގެ ފޯނު ނަންބަރު ކިޔައިދިނެވެ.

ޢިޒްވާގެ ނަންބަރު ފޯނުގައި ލިޔެލުމާއިއެކު އޭގައި ރައްކާކުރިއެވެ. އިތުރަށް އެއްޗެއް ބުނަން ވާއިރަށް ޢިޒްވާ ގޭތެރެއަށް ވަދެގެން ހިނގައްޖެއެވެ. ލުއިހިނިތުންވުމަކާއިއެކު ޝަދަފު އެނބުރި ކޮޓަރިއަށް ވަނެވެ. އެވަގުތު އީޝާ އާއި ޔޫޝައު އެކޮޓަރީގެ ދޮރުހުޅުވާލާފައި ވަދެގެން އައެވެ. އެމީހުންގެ ފަހަތުން މަޑުމަޑުން ވަން ރީޝަމް ފެނުނީ ދެނެވެ.

“ދަތުރު ޕްލޭންސް ހަދަން މިއައީ، މަންމަ ބުނުއްވީ ރިސޯޓަކަށް ނޫނޯ ދަނީ، ކޮންފިނޮޅެކޭތަ ބުނީ” އީޝާ އޭނާގެ ގާތުގައި ހުރި ޔޫޝައުއަށް ބަލާލިއެވެ.

“އައި ޑޯންޓް ނޯ” ޔޫޝައު ވަގުތުން ދެކޮނޑުއަރުވާލަމުން ބުނެލިއެވެ.

“ހޫން! ދެން ކޮންމެތަނަކަށް ވިޔަސް އޯކޭ، ޑިފީ އެހާ ދާހިތެއްނުވެޔޭ ރީޝް ބުނާތީ އެހާވަރަކުން މިއައީ، އެއްވެސް ބަހަނާއެއް ޤަބޫލެއްނުކުރެވޭނެ، ޑިފީ ނުލައެއް ނުފުރާނަން” ޝަދަފުގެ އެނދުމައްޗަށް އަރާ ދެފައިވައްކޮށްލަމުން އީޝާ ބުނެލިއެވެ. އޭރު އޭނާ ހިފައިގެން އައި ފޮތާއި ގަލަމާއި އެނދުމަތީ ބާއްވާފައި އޮތެވެ.

“ނުދާކަށް ނޫނޭ އެހެންބުނީ، ހިނގާބަލަ ތިރިއަށް، ކޮޓަރީގައި ޑިސްކަޒްކުރުމަށްވުރެ އޯޕަންތަނެއްގައި ތިބެގެން ދަތުރުގެ ޕްލޭންތައް ހަދާލަންފެންނަނީ، އެންޑް އައި ނީޑް އަ ކޯލްޑް ޑްރިންކް އޯލްސޯ” ޝަދަފު ފޯނާކުޅެންހުރި ޔޫޝައުގެ ކޮނޑަށް އަތްވަށްޓާލަމުން އީޝާއަށް ބުނެލިއެވެ.

“މިއަދު ލޯކުރިމަތިން ގެއްލުނަކަށް ނުދޭނަން” އީޝާ، ޝަދަފަށް ގަލަން ދިއްކޮށްލަމުން ބުނެލިއެވެ. އެހިނދު އީޝާ ހަދާލިގޮތުން ރީޝަމްގެ ގާތަށް ވެސް ހިނިއައެވެ.

އޮއްސެމުންދިޔަ އިރު އިމާރާތްތަކުގެ ފަހަތަށްވަދެ ނިވާވިތަން ހާމަފެންޑާގައި ހުރި ޝަދަފު ބަލަންހުރީ ހުވަފެނީގޮތަކަށެވެ. އޭނާގެ ޚިޔާލުތަކުގެ ދުނިޔެއަށް ގެއްލިފައި ހުރިކަހަލައެވެ. ފަހަތުން މީހަކު އައިސް އޭނާގެ އަތުގައި އަތްޖައްސާލުމާއިއެކު ސިހިގެންގޮސް ހިފަހައްޓައިގެން ހުރި ޖޫސްތަށި އަތުން ދޫވެގެން ވެއްޓުނެވެ. އެއާއިއެކު ބިއްލޫރިތައް އެތިއެތިކޮޅުތަކަށް ބުރައިގެން ދިޔުމާއިއެކު ޝަދަފަށް ފަހަތަށް ޖެހިލެވުމާއިއެކު ގާތުގައި އައިސް މަޑުކޮށްލި ރީޝަމްގެ އަތުގައި ހިފައި ދަމައިގަނެވުނެވެ. އެތަނުގައި ހުރި އުނދޯލީގައި އަރާތިބި އީޝާ އާއި ޔޫޝައު ވެސް ދިޔައީ ސިއްސައިގެންނެވެ. އީޝާގެ ތޫލި ހަޅޭކެއްގެ އަޑު ވެސް އިވިގެންދިޔައެވެ.

“ޑި..ފީ..” ޝަދަފުގެ މޭގައި ލައްވެފައިހުރި ރީޝަމްގެ ނޭވާ އަވަސްވެގެންދިޔައެވެ.

“އަރ ޔޫ އޯލްރައިޓް” ކަންބޮޑުވެ ހާސްވެފައި ހުރި ޝަދަފު ރީޝަމްގެ ގާތުގައި އަހާލިއެވެ.

“ވަޓް ހެޕަން” ޔޫޝައު މިހެން ބުނި އިރު އޭނާގެ މޫނުމަތިން ވެސް ފެންނަނީ ހާސްކަމެވެ.

“އަންނާނަން، ޝެލީންނަށް ގޮވާފައި” އީޝާ އަތުގައި ހުރި ސާމާނުތައް އުނދޯލީގެ އަރިމަތީ ހުރި ކުޑަމޭޒުމަތީ ބަހައްޓާފައި ސިޑިއާއި ދިމާލަށް ދުއްވައިގަތެވެ.

ރީޝަމް ގާތްކޮށްލެވުނީ މާބޮޑަށްކަން ޝަދަފަށް ވިސްނުނީ ދެނެވެ. އޭނާ އަވަސް އަވަހަށް ރީޝަމްގެ ކޮނޑުގައި ހިފާލަމުން އަމިއްލައަށް ދުރަށް ޖެހިލިއެވެ.

“ސޮރީ… އެހެންނޭ ވާނީ ނުވިސްނާ ހުއްޓާ އައީމަ، ގޮވާލިނަމަ” ޝަދަފު، އޭނާ އާއި ރީޝަމްގެ ދެމެދަށްވެރިވެގެންދިޔަ ނުތަނަވަސްކަން ފޮރުވާލަން މަސައްކަތްކުރިއެވެ.

“އެވަރުވާންޖެހުނީ އަނެއްކާ ޑިފީ ހުރީ ކޮންޚިޔާލަކަށް ގެއްލިފައިތަ” ރީޝަމް ވެސް އޭނާއަށް ގޮތްތަކެއްވެއްޖެކަން އަންގާކަށް ބޭނުމެއްނުވިއެވެ. އެހެންވެ ރަޙުމަތްތެރި ރާގެއްގައި ޝަދަފާއި ދިމާކޮށްލާފަދަ ގޮތަކަށް ވާހަކަދައްކަން ފެށިއެވެ. ޝަދަފު ހީނލާފައި ރީޝަމްއަށް މޮޅު ޖަވާބެއް ދިނެވެ. އޭނާގެ ސިކުނޑީގައި އަބަދު ހަރުލާފައިވަނީ ޢިޒްވާގެ ޚިޔާލުކަން ޢާއިލާއަށް އެނގޭކަށް ޝަދަފު ބޭނުމެއްނޫނެވެ. އެހެންވެ ދުރުދުރުން އެކިއެކި ވާހަކަދައްކަމުން އައިސް އުނދޯލީގައި އިށީނެވެ. އޭނާ އާއި ރީޝަމްއަށް ދިމާކުރަމުން ޔޫޝައު ވެސް އައިސް އެތަނުގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީނެވެ. އޭރު އީޝާ އާއިއެކު ގޭގައި މަސައްކަތްކުރަން އުޅޭ ޝެލީން ފިނިގަނޑަކާއި ކުނިނަގާ އެއްޗެއްގެ އިތުރުން ތުވާލިކޮޅެއް ހިފައިގެން އެތަނަށް އަންނަނީއެވެ.

* * * *

“މިއަދަކު ނެތޭ ދެވޭކަށް” ޝަދަފު ފޯނުން ބުނެލިއެވެ.

“ދެން ތިހެން ނުހަދާ، އަހަރެން ގުޅާފައި އާދޭސްކުރީމަ ވެސް ޑިފީ ތިދެކޮޅުހަދަނީ، މާލެ އައީމަ އަހަރެންހުރީ ވަރަށް އުފަލުން، ޑިފީ އުޅޭނީ އަބަދު މިގޭގައޭ ހިތައްއެރީ، އެކަމަކު ޚަބަރެއް ވެސް ވެނުލާ، އެކޮޅުގައި ހުރި އިރު އެޓްލީސްޓް ހަފްތާއަކު މެއިލްއެއް އަހަންނަށް ލިބޭ، އަހަރެން މިހިރީ ވަރަށް ހިތްހަމަނުޖެހިފައި” ޒައުލްގެ އަޑު ޝަދަފުގެ ފޯނުން އިވުނެވެ.

ޝަދަފާއި ޒައުލްއަކީ ގާތްދެރަޙުމަތްތެރިންކަމުގައި ވިޔަސް މިވީ ދުވަސްތަކުގެ ތެރޭގައި އޭނާ އާއި ނަވާލާއި ވަނީ މާގާތްވެވިފައެވެ. ޒައުލްދެކެވެނީ ޢާއިލާ މީހެއްގެ ގޮތުގައެވެ. އެހެންވެ އޭނާ ގާތު ކަމެއް ޚިއްޞާކުރުމުން އެކަން ޢާއިލާއަށް އެނގިދާނެއޭ ޝަދަފުގެ ހިތަށް އަރަނީއެވެ. އެކަމަކު ޒައުލްއަކީ އިތުބާރުހިފޭ ރަޙުމަތްތެރިއެއް ވެސް މެއެވެ. ޒައުލް އެބުނީ ތެދެކެވެ. މާލެ އައިފަހުން އޭނާ ޒައުލްއަށްވުރެ ގިނައިން ނަވާލާއިއެކު އުޅެއެވެ. ގިނަފަހަރަށް ބޭރަށް ދާހިތް ވެސް ވަނީ ނަވާލާއިއެކުއެވެ. ކީއްވެކަމެއް އޭނާއަކަށް ނޭނގެއެވެ. ޒައުލްގެ އާދޭސް އަޑުއެހުމުގެ ބަދަލުގައި އެންމެފަހުން ޒައުލްމެންގެއަށް ދާނަންކަމުގައި ޝަދަފު އެއްބަސްވިއެވެ.

“ޑިފީ، ކާރު މިކޮޅަށް ގެންނަން މިއުޅެނީ، އެކޮޅުގައި ދުއްވުމަށްވުރެ މިކޮޅަށް ބޮޑަށް ބޭނުންވާނޭ ބައްޕަ ބުނުއްވައިފި” ކާކޮޓަރިން ނުކުމެގެން ގޭގެ އެހެން ބައިތަކަށް ދިއުމަށް އޮންނަ ހޯލްވޭގައި ހުރި ގޮނޑިއެއްގައި އިނދެފައި ތެދުވި ޝަދަފު ފެނުމާއިއެކު ލީވާން ބުންޏެވެ.

“ބައްޕަ އެދިލައްވައިފިއްޔާ އޯކޭވާނެ، އެކަމަކު އަދި އެކޮޅުގައި އިހަށް ބާއްލަންވީނު، ދެހަފްތާވަރަކަށް ފަހުން ގެންނާނި، އަހަރެން ބޭނުން ފަރިތަކޮށްލަން އެކޮޅުގައި، ދެން އަދި އަހަންނަށް ކާރު ނެގޭނޭ ގޮތެއް ހަމަޖައްސާލަދެއްޗޭ، އެބަވިސްނަން އެކޮޅުގައި އެކަނި ދުއްވާލަން ދާން، ފުލްމޫންއެއް އެހާތަނަށް އަރާނެ، ފްރެންޑެއް ބުނި ވަރަށް ރީއްޗޭ ހަނދުވަރުދީފައި އޮންނައިރު” ޝަދަފު ފޯނު ޖީބަށް ލަމުން ބުނެލިއެވެ.

“ތެދެއް އެއީ، ޔޫ ނޯ ވަޓް، އަހަންނަށްފެންނަނީ ޝަދަފު ބައިވެރިއަކު ގޮވައިގެން ދާން، އެފަދަ ހިތްގައިމު މަންޒަރެއް އެކަނި ބަލާލުމަށްވުރެ އޭރުން އަދި މާފުރިހަމަވާނެ” ލީވާން މިހެންބުނިއިރު އޭނާގެ އަޑުގައި ލާނެތްގޮތެއް ހުއްޓެވެ. ހީނލުމަކުން ޝަދަފު ފުއްދާލިއެވެ. އިތުރަށް އެއްޗެއް ނުބުނެ ދެމީހުން ވަކިވީ ސިޑިއާއި ހިސާބުންނެވެ. ޝަދަފު ހިނގައިގަތީ ބޮޑުކޮޓަރި ތެރެއިންލާފައި ބޭރަށް ނުކުތުމަށެވެ. ލީވާން ދިޔައީ އޭނާގެ ކޮޓަރިއަށ ދިއުމަށެވެ.

* * * *

ނިދަން އެނދަށް އަރާއޮތް ޢިޒްވާގެ ފޯނަށް މަސެޖެއް އައީ މެންދަމު ބާރަޖެހިތަނާއެވެ. އެއާއިއެކު އަވަސް އަވަހަށް ފޯނަށް ބަލާލީ އިންތިޒާރުގައި އޮތްކަހަލަ ގޮތަކަށެވެ. އެގަޑީގައި އޭނާގެ ފޯނަށް މެސެޖުފޮނުވީ ކާކުކަން މާކުރިން ވެސް ޢިޒްވާއަށް އެނގުނެވެ. ބަލާލުމުން އެކަން ޔަޤީންކުރެވުނެވެ. އެއީ ޝަދަފުގެ މެސެޖެކެވެ.

“ނިދަނީތަ” މެސެޖުގައި ލިޔެފައި އޮތެވެ. ޢިޒްވާ ނޫނެކޭ ޖަހާލިއެވެ. އެއާއިއެކު ޝަދަފު ދެން ފޮނުވި މެސެޖުގައި ބޭރަށް ނުކުމެދިނުމަށް އެދިފައި އޮތެވެ. ޢިޒްވާ މިނިކުންނަނީ ކަމުގައިބުނެ މެސެޖުފޮނުވާލުމާއިއެކު އަވަސް އަވަހަށް އެނދުން ތެދުވެއްޖެއެވެ. އަދި އައިސް ލޯގަނޑު ކުރިމަތީ ހުއްޓިލަމުން ލައިގެން ހުރި ޓީޝާޓުކޮޅަށް ދަމާލާފައި ރީތިކޮށްލިއެވެ. އަދި މޫނުގައި އަތްހާކާލަމުން ފޯނު ހިފައިގެން ހުރެ ބެލްކަންޏަށް ނުކުތެވެ. އޭރު ބެލްކަނީގައި އަތްއަޅުވާލައިގެން ޝަދަފު ހުއްޓެވެ. ޢިޒްވާ ފެނުމާއިއެކު އޭނާ ހިނިތުންވެލިގޮތުން ވެސް ޢިޒްވާގެ ހިތުގެތެޅުން އަވަސްވިއެވެ. ޝަދަފާއި ވާހަކަދައްކަން ޢިޒްވާ ގަޑިއެއްހާއިރު އެތަނުގައި ހުއްޓެވެ. ދެމީހުން ކުރެ އެކަކު ވެސް އެތަނުން ދާން ބޭނުންނުވާކަހަލައެވެ. ޝަދަފު އެކިއެކި ވާހަކަތައް ދައްކަމުން ދިޔައިރު ޢިޒްވާގެ ބަސްމަދެވެ. އޭނާ ގިނަފަހަރަށް އެއްޗެއް ބުނަނީ ޝަދަފު ސުވާލެއްކޮށްފިނަމަ އެސުވާލަކަށެވެ. ކުރިއަށް ރޭވިފައި އޮތް ދަތުރުގެ ވާހަކަ ވެސް ޝަދަފު، ޢިޒްވާގެ ގާތުގައި ބުންޏެވެ.

“މާދަމާ ރޭ ފްރީތަ” ޝަދަފު ކުއްލިއަކަށް ދައްކަމުން ދިޔަވާހަކަ މެދުކަނޑާލާފައި ޢިޒްވާގެ ގާތުން އަހާލިއެވެ.

“އަށެއްގެ ފަހުން ފްރީވާނެ” ޢިޒްވާ ބުނެލިއެވެ.

“ކެރޭނެތަ އަހަންނާއިއެކު ބޭރަށް ގޮސްލަން” ޝަދަފު އަހާލިއެވެ.

“ކޮންތާކަށް” ޢިޒްވާ އަމިއްލަ އިޙުސާސްތައް ކޮންޓްރޯލު ކުރަމުން ވާހަކަދެއްކިއެވެ.

“މާލޭގަ ދާނެ މާގިނަ ތަންތަނެއް ނުހުރެ އެންނު، ހައު އަބައުޓް ގޮއިންގ ފޯ އަ ޑިނާ” ޝަދަފު ލޯހިމަކޮށްލަމުން ޢިޒްވާއަށް ބަލާލީ ފަހަރެއްގައި އޭނާގެ އެދަޢުވަތު ޢިޒްވާ ޤަބޫލުނުކޮށްފާނޭހެން ހީވެގެންނެވެ. ނަމަވެސް ކުރެވުނު ހީއާއި ޚިލާފަށް ޢިޒްވާ އެއްބަސް ވެއްޖެއެވެ.

“ޑިނާއެއް އޯކޭ، އެކަމަކު އެހާ ދަންވަންދެން ބޭރުގައެއް އަހަރެން ނޫޅެން…” ރަނގަޅަށް ޢިޒްވާގެ ވާހަކަ ނުނިމެނިސް ޝަދަފު ވާހަކަދައްކަން ފެށިއެވެ.

“ލަހެއްނުވާނެ، އަހަރެން ވެސް ބޭނުމެއްނޫން ދަންވަންދެން އިޒޫ ބޭރުގައި ގެންގުޅޭކަށް” ޝަދަފު ވަރަށް ލޯބިން ބުނެލިއެވެ.

“މިހާރު ވަރަށް ލަސްވެއްޖެ، އަހަރެން ދިޔަޔަސް އެންމެރަނގަޅުތަ” ޢިޒްވާ، ޝަދަފަށް ހިނިތުންވެލުމާއިއެކު އަތުގައި އޮތް ފޯނުން ގަޑިބަލާލާފައި ބުންޏެވެ.

“ހެނދުނު އޮފީހަށް ދާންޖެހޭނެ ދޯ، ކީއްވެ އިޒޫއަށް ލަސްވާވާހަކަ ނުބުނެ ތިހުރީ” ޝަދަފު ވެސް ގަޑިއަށް ބަލާލަން ހަނދާންވީ ދެނެވެ.

“ޝަދަފު ވާހަކަދައްކަނިކޮށް ދާކަށްނުވާނެ އެންނު” ޢިޒްވާ ބުންޏެވެ.

“ހެ ހެ ހެ… އަހަރެން ބޭނުންވަނީ އަހަންނަށް ފެންނަ ހިސާބުގައި އިޒޫ ހުންނަން، އެކަމަކު އަދި އެގޮތަށް އެކަންވާނީ ކިހިނެއް ދޯ، އޯކޭ… ގުޑްނައިޓް، ހަނދާންކުރައްޗޭ އަހަރެން އިޒޫދެކެ ލޯބިވާކަން” ޝަދަފު ފުންނޭވާއެއް ބޭރުކޮށްލިއެވެ. އޭނާގެ ހިތުގައިވަނީ ކީކޭކަން ޢިޒްވާއަށް ނޭނގުނު ނަމަވެސް ޝަދަފު ހަޤީޤަތުގައި ވެސް ޢިޒްވާދެކެ ލޯބިވާކަން އެނގެއެވެ. ޢިޒްވާގެ ހިތް އޭނާއަށް ވެސް ނުހިފޭއްޓުނެވެ. އެހިތްއެވަނީ ޝަދަފުގެ މައްޗަށް ދީލައިލާފައެވެ. އޭނާ ވެސް ބޭނުންވަނީ ޝަދަފުގެ ގާތުގައި ހުންނާށެވެ. އެވާހަކަތަކުން ޢިޒްވާއަށް ހިތްހަމަޖެހުން ލިބެއެވެ.

“އިޒޫދެކެ އަހަންނަށް މިހާވަރަށް ލޯބިވެވިދާނެއެކޭ ކުރިން ހިތަށްކަށް ނާރާ، މިގުޅުން ޢާއިލާގެ އެހެންމެންބަރުންނާއި ހަމައަށް ގެންދާނީ ކިހިނެއްކަމެއް ނުވިސްނޭ، ބައްޕަ ނުރުހުންވެލައްވައިފިއްޔާ ދެން ވާނީ ކިހިނެއް، ޔަޤީނުން ވެސް މަންމައަށް އޯކޭވާނެ އަހަންނަށް ކަމުދާ ކޮންމެ ގޮތެއް، އަހަރެންގެ ލައިފް، އަހަރެންގެ ޗޮއިސް، އަހަރެންގެ ހެޕިނެސް، މަންމަ ހުރިހާ ކަމަކަށް ފާޑުކިޔުއްވިޔަސް އަހަރެންގެ ޕަރސަނަލް ކަންތައްތަކާއި ބެހިލައްވާނެހެން ވަރަށް ހީނުވޭ…. އިޒޫގެ ފެމެލީ އަނެއްކާ އަހަރެން ބަލައިގަންނާނެބާ، އެމީހުން އަހަރެން އެކްސެޕްޓުނުކޮށްފިއްޔާ… ނޫން! ނޫން!، އޭރުން ވެސް ގޮތެއް ހުހެއްނުވާނެ، ކޮންމެގޮތަކުން ވިޔަސް އަހަރެން އިޒޫ ހޯދާނަން” ބޯދަށަށް އެއްއަތްލައްވާލައިގެން މޭމަތީ ބާލީހެއްބާއްވާލައިގެން އޮތް ޝަދަފުގެ ސިކުނޑިއަށް އެތަށް ޚިޔާލުތަކެއް ޖަމާވަމުންދިޔައެވެ. ނިންޖަކީ މިފަހަކަށް އައިސް ޝަދަފާއި ވަރަށް ދުރު އެއްޗެކެވެ.

* * * *

ލޯންޗުގައި އެންމެން ތިބިއިރު ހުރިހާ ފިރިހެން ވެރިން ތިބީ އެއްފަރާތެއްގައެވެ. މައިންބަފައިން ވެސް ދިޔައީ ކުދިންގެ ސަކަރާތުގައި ބައިވެރިވަމުންނެވެ. ޚާއްޞަކޮށް ރަސަލްއަކީ ވަރަށް ސަމާސާ މިޖާޒެއްގެ މީހެއްކަމުން އޭނާގެ ސަކަރާތް އެންމެނަށްވުރެ ބޮޑެވެ. އެހެންނަމަވެސް ރީޝަމްގެ ސަމާލުކަން ވަނީ އެހެން ފަރާތަކަށް ހުއްޓިފައެވެ. ދަތުރު ފެށުނީއްސުރެންނެވެ.

ފޯނާކުޅެންއިން ޝަދަފުގެ ސަމާލުކަން ހޯދުމަށް ރީޝަމް ކިތަންމެހާ ވެސް ބޭނުމެވެ. އެހެންހިތާ ތެދުވެގެން ޝަދަފު އިން ގޮނޑީގައި ތަންއޮތުމާއިއެކު އޭނާގެ ގާތަށް ދިއުމަށް ރީޝަމް ތެދުވިއެވެ. ކަނޑުގެ ލޮނުގަނޑުގަނޑު ކަފަމުންދިޔަ ލޯންޗު ހިނދު ހިނދުކޮޅުން ލޮނުގަނޑުން މައްޗަށް ހިއްލާލާފައި “ބަން” ކިޔާފައި ލޮނުގަނޑުގެތެރެއަށް ޖަހާހެން ހީވެއެވެ. އެކަކުވެސް ކޮޅަކަށް ނުތެދުވެއެވެ. ނަމަވެސް ރީޝަމްއަށް މިއިން އެއްވެސް ކަމެއްގެ ހިލަމެއްވާހެނެއް ހިޔެއްނުވެއެވެ. ލުއި ހިނިތުންވުމެއް ތުންފަތަށްވެރިވެފައި ވިޔަސް އޭނާގެ ހިތްވަނީ ޝަދަފަށްޓަކައި އިންތިހާއަށް ބޭނުންވެފައެވެ. އެކަކުގެ ކޮނޑުގައި ހިފަހައްޓަމުން އަނެކަކުގެ އަތުގައި ހިފަމުން ކަހަލަ ގޮތަކަށް ރީޝަމް ލޯންޗުގެ އެއްކޮޅުން އަނެއްކޮޅަށް ހުރަސްކޮށްލިއެވެ. އެވަގުތު ލޯންޗަށް އެރި ލޮޅުމާއިއެކު ނުވިސްނާހުރި ރީޝަމްގެ ތޫލި ހަޅޭކަކާއިއެކު ދެންފެނުނީ ޝަދަފު އޭނާގެ ގައިގާ ހިފެހެއްޓިތަނެވެ. އެންމެންގެ އަޑުފަށްގަނޑު ގަދަވެގެންދިޔައެވެ. ކޮންމެ މީހަކު ވެސް ބެލީ އެދެމީހުންނާއި ދިމާކޮށްލެވޭތޯއެވެ. އެހެންނަމަވެސް ޝަދަފުގެ މޫނުމަތިން އޭނާ އެކަމަށް އެމީހުންގެ ސަމާސާތަކަށް އިޖާބަދޭތަނެއް ނުފެނުނެވެ. އޭގެ ބަދަލުގައި އޭނާ އަވަސް އަވަހަށް ރީޝަމް ގޮނޑީގައި ބޭންދުމާއިއެކު ރީޝަމް ވެއްޓެން ދިޔަ ވަގުތު އޭނާގެ އަތުން ޖެހިފައި ޝަދަފުގެ ފޯނު ވެއްޓުނު ދިމާލެއް ހޯދަން ފެށިއެވެ.

“ތިވަރަށް ގޭމް ކުޅޭކަށް ނުވާނެ” ޝަދަފު ފޯނު ނަގައިގެން އިށީނުމާއިއެކު އޭނާގެ ގާތުގައިއިން ރީޝަމް ބުނެލިއެވެ. އޭނާއަށް ޝަދަފު ފޯނުން ކުރަނީ ކީއްކަމެއް ނޭނގުނެއްކަމަކު ބޭނުމަކަށްވީ ޝަދަފާއި ވާހަކަދެއްކުމެވެ. އޭނާގެ ސަމާލުކަން ހޯދުމެވެ. ޝަދަފުގެ ދިރުއުޅުމަށް ވަނުމުގެ ދޮރު މަގުފަހި ކުރުމެވެ. ޝަދަފުގެ ހިތް އަތުލެވޭނެ ގޮތްތައް ހޯދާ އޭނަގެ ހިތް ކާމިޔާބު ކުރުމެވެ.

“އަދި ދާންއުޅޭ ފިނޮޅާއި ހަމައަށް ފޯރީކީ ވެސް ނޫނެންނު، ރީޝް އިނދެބަލަ އެމީހުން ޖަހާ ސަކަރާތަށް އަތްޖަހަން، އަހަރެން ފޯނުން ކުޑަކަމެއް ކޮށްލާނަން” ޝަދަފު މިހެންބުނެ އަނެއްކާ ވެސް ފޯނުގެ އިސްކުރީނު ހުޅުވާލިއެވެ. އަދި މެސެޖުލިޔާ ބައިގައި ލޯބީގެ މެސެޖުތައް ލިޔަމުން ދިޔައެވެ. ގާތުގައި ރީޝަމް އިނުމުން ޝަދަފަށް އުނދަގޫ ވެސް ވިއެވެ. އެކަމަކު އެކަން ފާޅުކުރާކަށް ނުކެރުނެވެ. ސިއްރުން ކަހަލަ ގޮތަކަށް ރީޝަމްއަށް ނުފެންނާނޭހެން ޝަދަފު ފޯނު ހިފަހައްޓައިލައިގެން އިނެވެ.

ރީތި ހުދުހުދު ދޮންވެލިތުނޑިއަށް ލޯންޗު ބީއްސާލި ކަހަލައެވެ. ލޯންޗުގެ ކުރީކޮޅުއޮތީ ވެލިގަނޑުމަތީގައެވެ. އެންމެ ފުރަތަމަ ވެސް ފުންމާލީ ލީވާން އާއި ޔޫޝައިއެވެ. ލީވާން އޭނާގެ އަނބިމީހާ އީޝާ އަތްދަނޑިމައްޗަށް ލައިގެން ގެނެސް ހިކިފަހުގައި ބެހެއްޓިއެވެ. އެހިނދު ރީޝަމް ގެނައުމަށް ތަރަފް އެދުނ ޝަދަފުގެ ގާތުންނެވެ. ބޯއަރިކޮށްލަމުން ބައްޕަގެ އެދުން ފުއްދައިދިނުމުގެ ގޮތުން އޭނާ ރީޝަމްއަށް އަތްދިއްކޮށްލިއެވެ. ރީޝަމް ހީކޮށްގެން ހުރީ ތަރަފް ބުނުމުން ޝަދަފު އޭނާ ވެސް ގެންދާނީ ލީވާން، އީޝާ ގެންދިޔަ ފަދަ ގޮތަށް އަތްދަނޑިމައްޗަށް ލައިގެން ކަމަށެވެ.

“ވަޓް؟، ކީއްވެ ތިމަޑުކުރަނީ، ހޯލްޑް މައި ހޭންޑް” ރީޝަމްއަށް ނޭނގިފައި ހުރިހެން ހީވެ ޝަދަފު އޭނާއަށް އިރުޝާދުދިން ކަހަލައެވެ. އިތުރަށް މަޑުކުރުމެއްނެތި ރީޝަމް، ޝަދަފުގެ ބޮޑުއަތްތިލައިގައި ހިފާލަމުން ފުންމާލިއެވެ.

ފިނޮޅުގައި ކައްކާކެވޭނޭ ފަދަ ތައްޔާރުކުރުމުގައި ލޯންޗުގެ ފަޅުވެރިކުދިން އުޅުނެވެ. އެކަމަށް ބޭނުންވާނޭ ހުރިހާ ސާމާނެއްހެން ރަސަލް އައީ ހިފައިގެންނެވެ. އަތުގައި އޮތް ބޯޅަ އެއްލުމާއިއެކު އޭގައި ފައިންޖަހާ ދުރަށް ފޮނުވާލާފައި ޔޫޝައު އައިސް ރަސަލް ގާތުން އެދުނީ އެފިނޮޅާއި އެންމެ ކައިރީގައި އޮތް ރިސޯޓުން މޫދު ކުޅިވަރުގެ ކަންތައްތައް ހަމަޖައްސައި ދިނުމަށެވެ. ލީވާން އާއި އީޝާ ވެސް މިކަމަށް ޝައުގުވެރިވިއެވެ. ރަސަލްއަށް ޝަދަފު ހަރަކާތްތެރިވެ އުޅޭތަން ނުފެންނާތީ އެކަމާ ޝަކުވާކުރިއެވެ. ދޭތެރެއަކުން ތަރަފް ނޫނީ އަސްމަހާނު ކަމަކަށް އެދުމުން އެކަމެއް ކުރަން އިސްނަގައެވެ. އެހެންނޫނީ ޝަދަފުގެ ފަރާތުން އޭނާ އެދަތުރާއިމެދު ގަޔާވާކަމުގެ އެއްވެސް އިޝާރާތެއް ނުފެނެއެވެ. އަބަދުވެސް ފެންނަނީ ފޯނު އަތައް ލައިގެން ހުންނަ ތަނެވެ. ނޫނީ ކަންފަތުގައި ހެޑްސެޓު ޖަހާލައިގެން ހުރެ ކޮންމެ ވެސް މީހަކާއި ވާހަކަދައްކާ ތަނެވެ.

“ރީޝް، ދޭބަލަ ޑިފީ ގާތަށް، ފޫހިވެގެން ކަންނޭނގެ އެ އެނބުރެނީ” ޒަބާ، ޝަދަފަށާއި އޭނާގެ ގާތުގައި ހުރި ރީޝަމްއަށް ބަލާލަމުން ބުންޏެވެ. އެހެންނަމަވެސް ރީޝަމްގެ ބޮލުގައި ރިއްސާލީ ޝަދަފުގެ އުޅުމަށް ބަދަލުތަކެއް އަތުވެއްޖެކަމެވެ. މުޅި ދަތުރުގައި ގިނައިރު ޝަދަފު ހޭދަކުރީ ފޯނުގައެވެ. އެންމެ ފަހުން އެކަން އުނދަގޫވެގެން ޝަދަފުގެ ފޯނު ފޮރުވީ ޔޫޝައު އާއި ރަސަލްއެވެ. އެކަމާ ޔޫޝައުދެކެ ވަރަށް ހިތްހަމަނުޖެހިފައި ހުއްޓެއްކަމަކު ރަސަލްގެ އަތެއް އެކަމުގައި ވާތީ އެއްޗެއް ބުނަން ބޭނުންނުވީއެވެ. ދަތުރުގެ ބާކީ އޮތް ހުރިހާ ވަގުތެއް ޝަދަފު ހޭދަކުރީ ޔޫޝައުއަށް އުނދަގޫ ކުރުމުގައެވެ. އެހެން އުޅެނިކޮށް މާލެ އަންނަން ކައިރިވެފައި ވަނިކޮށް ރީޝަމްއަށް އޭނާ ބޭނުންވިފަދަ ވަގުތުކޮޅެއް ޝަދަފާއިއެކު ލިބުނެވެ. އެންމެން ސައިބޯން ގެންގުޅުނު ތަށިތައް އަތްމައްޗަށް ލައިގެން ބުރެއްހެން އިށީނދެ ތިބިއިރު ހޫނު ކޮފީތައްޓެއް ހިފައިގެން ޝަދަފު ހުރީ އަތިރިމަތީގައެވެ.

“ކޮބާ ފޯނުފެނިއްޖެތަ މިހާރު” ރީޝަމް މައިލޯ ޕެކެޓެއް ތުނބުގައި ޖަހާލައިގެން އައިސް ޝަދަފުގެ ގާތުގައި ހުއްޓިލާފައި އަހާލިއެވެ.

“ތިމީހުން ފޮރުވީއެންނު، ދެން ދިނީމައެންނު ލިބޭނީ” ޝަދަފު މިހެން ބުނެލީ ރީޝަމްއަށް ބަލާލުމެއް ވެސް ނެތިއެވެ.

“ދެން މޫޑީނުވެ ހިނގާބަލަ ކުޑަކޮށް ހިނގާލަން، ދެން މާގިނައިރެއް ވެސް ނެތެންނު، ޑިފީ ފޯނުގަ އަބަދު ކީއްތަތިކުރަނީ، އަހަރެންގެ ހިތް ބުނަނީ ފޯނުން އަބަދު ގޭމެއް ނޫނޭ ޑިފީ ކުޅެނީ، ކާކައްތަ ތިވަރަށް ތިގުޅަނީ، ދަތުރެއް އައިސް ދަތުރުގެ މަޖާކަމުގައި ބައިވެރިވާކަށް މިހާރު ޑިފީއަކަށް ނޭނގޭ، ހާދަ ޗޭންޖޭ” ރީޝަމް ލޮލުގެ އެއްފަރާތުން ކަހަލަ ގޮތަކަށް އަވަސް ނަޒަރެއް ޝަދަފަށް ދިނެވެ.

އަހަރެން ވަރަށް ބޯރިންގް ޕާރސަންއަކަށް ވެއްޖެ ދޯ” ޝަދަފު ހީނލާފައި ބުނެލިއެވެ. ހީވީ ރީޝަމް ބުނި އެއްޗެއްގެ މާނަ އޭނާ ނެގީ ވަރަށް އާދައިގެ ގޮތަކަށްހެންނެވެ. ނޫނީ އޭނާ ކަމެއް ސިއްރުކުރަން ބޭނުންވަނީ ހެންނެވެ.

“އެހެނެއްނުބުނަމެންނު، ހިނގާބަލަ ކުޑަކޮށް ހިނގާލަން” ރީޝަމް މިހެން ބުނެލުމުން އެކަމާ ޝަދަފު ދެކޮޅެއް ނުހެދިއެވެ.

* * * *

މަޑުހިނގުމެއްގައި އައިސް ގާޑިޔާތައް ކައިރީ ޢިޒްވާ މަޑުކޮށްލީ ސަމަރް އާއިއެކުއެވެ. މިއަދު ޢިޒްވާ މާގިނައިން ފޯނަށް ބަލާކަން ސަމަރްއަށް ފާހަގަވިއެވެ. އެކަމާ ސުވާލުކުރުމުން ވެސް އޭނާ އެއްވެސް އެއްޗެއް ނުބުނެއެވެ.

“ހުރެބަލަ ނުބުނެ، ދެން ނުވެސް އުޅެން އަހާކަށް، އިޒޫ މިހާރު ވަރަށް ފޭކުވެއްޖެ، އަހަރެން މީ އެއްވެސް މީހެއްނޫން ދޯ، އިތުބާރެއް ނުކުރެވޭ ދޯ” ސަމަރު ކުދިކިޔަންފެށީ ހިތްހަމަނުޖެހިފައި ހުރި ރާގެއްގައެވެ.

“ކޯއްޗެއް ބޭނުމީ” ސަމަރް ވާހަކަދައްކަ ދައްކާ ހުއްޓާ ގާޑިޔާގައި ހުރި މީހާ އަހާލިއެވެ.

“ހޫން! މިއައީ މަސްކާށިކާންވެގެން” ކުއްލިއަކަށް ގަޑިޔާގައި ހުރި މީހާ އާއި ވެސް ސަމަރް ވާހަކަދެއްކީ ހަރުކަށިގޮތަކަށެވެ. އެއާއިއެކު ޢިޒްވާ ހިނިތުންވެލަމުން ގާޑިޔާގައި ހުރި މީހާ ހިތްހަމަޖައްސާލުމަށް ދެތިން އެއްޗެއް ބުނެލިއެވެ. އިންސާނުންނަކީ އެމީހުންނަށް ކިޔާފާޑުކިޔުންތައް ބަލައިގަތުމަށްވުރެ އެމީހުންނަށް ކުރެވޭ ތަޢުރީފުތައް ނިކަން ފަސޭހައިން ބަލައިގަންނަ ބައެކެވެ. އެމީހާއަށް ވެސް ވީއެހެންނެވެ. ޒުވާން އަންހެން ކުއްޖަކު ގާޑިޔަލުގެ ކަމުދާ ވާހަކަތައް ދައްކަން ފެށުމުން އަތްމަތި އަވަސްކޮށްލާފައި އެކުދިންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް އުޅެގަތެވެ.

“އެކޮޅަށް ގެނެސްދީ” ޢިޒްވާ އުސްފަސްގަނޑުގެ ތޮށްޓަށް އިޝާރާތްކޮށްލަމުން ބުނެލިއެވެ. އަދި ސަމަރްގެ އަތުގައި ހިފަހައްޓާލައިގެން ހުރެ އެދިމާލަށް ދިއުމަށް ހިނގައިގަތެވެ.

“ހިނގާ މިތަނުގައި އިށީންނަން، އެމީހުންނަށް އަހަރުމެން ފެންނާނެއެންނު މިތަނުގައި ތިބީމަ” ޢިޒްވާ ބުންޏެވެ.

“އިށިންނަންވީނު” ސަމަރު އަދިވެސް ހުރީ ރުޅިމޫނު ދައްކައިގެންނެވެ.

“ސަމަރް، އަހަރެން ނުބުނާކަށް ނޫނޭ ހުރީ، އެކަމަކު ވާހަކައިގެ ގޮތުން ދައްކަން ނުކެރިގެން މިއުޅެނީ، އަހަންނަށް މިފަދަ ދުވަހެއް އަތުވެދާނޭކަމަކަށް ކުޑަކޮށްވެސް އުންމީދެއް ނުކުރެވޭ، އަދިވެސް ޤަބޫލުކުރަން ދަތިވެފައި މިހުންނަނީ، ހިތައްއަރަނީ މީ މީހަކު އަހަންނާ ކުރާ ބިރުވެރި ސަމާސާއެއްބާއޭ، އެކަމަކު ހިތް އެކަން ޤަބޫލުކުރަން އުޒުވެރިވޭ، ސައުވީސްގަނޑިއިރު ހުސްވެގެންދާއިރު އެޚިޔާލުތައް ސިކުނޑިން ބޭރުކޮށްނުލެވޭ” ޢިޒްވާގެ ވާހަކަ ހުއްޓުމަކަށް އައީ ކުއްލިއަކަށް ސަމަރް އޭނާގެ އަތުގައި ހިފުމުންނެވެ.

“ލޯބިވޭތަ؟” ހިތްއަވަސްވެފައި އިންފަދަ ގޮތަކަށް ޢިޒްވާގެ ގާތުން ސަމަރު އަހާލިއިރު އެއީ މީގެ ސުކުންތުކޮޅެއްކުރިން ރުޅިމޫނު ހަދައިގެން ހިތްހަމަނުޖެހިފައި އިން ސަމަރްއޭ މީހަކު ނުބުނާނެއެވެ.

“ނޭނގެ… ވޭކަންނޭނގެ، ސަމަރް އަހަންނަށް ކިހިނެއްތަ މިވަނީ، ބަލާބަލަ، އަހަރެންގެ ފޯނުގައި ހަމައެކަނި މިއަދު ލިބިފައިހުރި މެސެޖުތައް ކިޔާލަބަލަ، ހިތައް އަރަނީ އޭނާ އެހާވަރުން އުޅޭތީބާއޭ އަހަރެންގެ ހިތް މިބަދަލުވަނީ، އެކަކުވެސް އެހާ ލޯބިވެދާނެތަ، މިޒަމާނުގައި ލޯތްބަށް ޤަދަރުކުރާ މީހުން އުޅޭތަ، މީގެކުރިން އަހަރެން ހީކުރަނީ ކޮންމެ ފިރިހެނަކު ވެސް އޭނާގެ ބޭނުން ފުދެން ދެން އެގޮތަށް އުޅޭނެޔޭ، އެކަމަކު އަހަންނަށް އިޙުސާސް ކުރެވޭގޮތް ތަފާތު، ވަރަށް ބޮޑަށް ތަފާތު… ޝަދަފު، އޭނާ އެހެން ފިރިހެނުންނާ ވަރަށް ތަފާތު” ޢިޒްވާ ރަކި ހިނިތުންވުމަކާއިއެކު އޭނާގެ ވާހަކައަށް ޝައުގުވެރިވެފައި އިން ސަމަރްއަށް ބަލާލިއެވެ.

“އިޒޫއަށް ތިހިރީ ހަމަރަނގަޅަށް ވެސް ލޯބިވެވިފައި، ޝަދަފްއަކީ ރަނގަޅުމީހަކަށް ވެސް ވެދާނެ، އެހެންނޫނަސް އިޒޫއަށް އެނގޭތަ، އެކި މީހުންނަށް ނަސީބުލައްވާނީ އެކޮގޮތަށް، އިޒޫއަށް ތިލިބުނީ ފައިސާ ރައްކާކޮށްފައިހުރި ބޮޑު ތިޖޫރީއެއް، އެކަން އެނގޭތަ، ދެން ހަމަ އަރާމުގައި އުޅެންވީ، އިޒޫ ކަމެއް ބޭނުންވެގެން ނުވެފައި ހުންނާކަށް ދެން ނުޖެހޭނެ، ޝަދަފްއަކީ ހަމައަސްލު ވެސް ފްރިންސް ޗަރމިންނެއް، ނޫންތަ” ސަމަރު ނިތްއަރުވާލަމުން ސަމާސާ ރާގެއްގައި ބުނެލިއެވެ.

“އެހެންނުވިސްނަބަލަ، އަހަރެން އެމީހަކު ދެކެ ލައިކްވަނީ އޭނާގެ ފެންވަރަށް ބަލާފައެއްނޫން” އިޒްވާ ފޫހިގޮތަކަށް މޫނަށް ވައްތަރެއް ޖައްސާލަމުން ސަމަރްގެ ކޮނޑުގައި އޭނާގެ ކޮނޑުން ޖެހިލިއެވެ.

“އައްދޭ، ލައިކްވާ ހިސާބުން މިހާރު ތިއޮތީ ފަހަނައަޅައިގޮސް އެކަމުން ނެއްޓި ލޯބީގެ މަރުހަލާއަށް އާދެވިފައި، ލައިކްވަނީއޭ ނުކިޔާ ބުނެބަލަ، ތިމަންނަ ޝަދަފުދެކެ ލޯބިވެޔޭ، ލޯބިވެވިއްޖެޔޭ…. ބުނަން، ތިވީގޮތުން އަހަންނާ ޝަދަފު މީޓު ކުރުވަންވީ އިނގޭ، އަހަރެން ބޭނުން ތިޝަދަފެއްގެ ހުންނަ ލޯބިކަމެއް ވެސް ބަލާލަން” ސަމަރް ދިމާކޮށްލާފަދަ ގޮތަކަށް ބުނެލިއެވެ. އޭރު އެމީހުންގެ ކުރިމަތީ ގާޑިޔަލުން އައިމީހާ އޭނާ ގެނައި މަސްކާށިތަބަށް ބަހައްޓަނީއެވެ.

“އަހަންނަކަށް ނުކެރޭނެ ބުނާކަށް، ޝަދަފް އާއި އެހާ ގިނަ ވާހަކައެއް ނުދައްކަމޭ، އަސްލު އަހަންނަށް ނުވެސް އެނގެނީ އޭނާ އާއި ދައްކާނެ ވާހަކައެއް، އެކަމަކު އެނގޭތަ، ފިރިހެނަކާއި ބަލާފަ އަހަރެން ހިތައް އެރި، ހާދަ އަނގަގަދައޭ، ނޫނީ އަހަރެން ގާތުގައި ބާއޭ އެވަރަށް އެއަނގަތަޅުވަނީ” އިޒޫ ޚިޔާލުގެ ތެރެއަށް ގެއްލިފައި އިންކަހަލަ ގޮތަކަށް ބުނެލިއެވެ.

ސަމަރު، ޢިޒްވާގެ ގާތުން ހުރިހާ ވާހަކައެއް އޮޅުންފިލުވިއެވެ. އަދި އޭނާގެ އަމިއްލަ ޚިޔާލު ވެސް ޢިޒްވާއަށް ދިނެވެ. ޝަދަފަކީ ރަނގަޅު މީހެއްނަމަ އޭނާ އާއި ދުރުނުވުމަށް އެދުނެވެ. ސަމަރް ބޭނުންވަނީ ވީހާ ވެސް އަވަހަކަށް ޝަދަފާއި ބައްދަލުކުރާށެވެ. ޢިޒްވާ އައިމެދު ޝަދަފު ދެކޭގޮތް އޭނަގެ ދުލުން އަޑުއަހާލަން ސަމަރް ބޭނުންވަނީއެވެ. އެންމެ ގާތް އެކުވެރިޔާގެ ހަޔާތައް ރަނގަޅު ބައިވެރިއަކު ލިބުމަކީ އޭނާ ވެސް ޚުދު އެދޭކަމެކެވެ. ޢިޒްވާ ބުނިހެން ޝަދަފު އޭނާއަށް ލަނޑެއް ދީފިއްޔާ ދެން ދުވަހަކު ވެސް ޢިޒްވާއަށް ފިރިހެނުންނަކަށް އިތުބާރެއް ނުކުރެވޭނެއެވެ. ހަމައެއާއިއެކު އެފަދަ ގުޅުންތަކަށް ޢިޒްވާ އަދި ވަރަށް ޅައެވެ. އޭނާއަށް އެއްވެސް ވަރެއްގެ ތަޖުރިބާއެއް ލޯބީގެ ދާއިރާއިން މީގެކުރިން ކުރެވިފައެއްނެތެވެ. އެކަން ވެސް ސަމަރްއަށް އެނގެއެވެ. އެހެންވެ އިޒްވާގެ ހިތުގައި އުފެދޭ ޖަޒުބާތުތައް މޫލައި ހެދިގަތުމުގެ ކުރިން ޝަދަފުގެ ވިސްނުން ހުރިގޮތެއް އެނގެން ސަމަރް ބޭނުންވެއެވެ.

ލޯންޗު އައިސް މާލޭގެ ތޮށިގަނޑާއި ކައިރިކޮށްލިއިރު ތަރަފްމެންގެ ޢާއިލާގެ ކާރު ދުއްވާ ހާދިމު، އުސައިދު އެހިސާބުގައި ކާރު ޕާކުކޮށްލައިގެން އިނެވެ. ތޮށިގަނޑުމައްޗަށް ފައިބަމުންދިޔައިރު ހުނުމުގެ އަޑާއިއެކު އެންމެންގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. ނަމަވެސް ޝަދަފުގެ މޫނުމަތިންނާއި ހަރަކާތުން ހީވަނީ އޭނާ ކޮންމެ ވެސް ކަމަކަށް ކެތްތެރިކަން ކުޑަވެފައި ހުރި ހެންނެވެ. ރީޝަމް ލޯންޗުން ފައިބަމުން އަތްދިއްކޮށްލީ އެ އަތުގައި ޝަދަފު ހިފާނެކަމަށެވެ. އެހެންނަމަވެސް އޭގެ ބަދަލުގައި ފަހަތަށްއެނބުރި ބަލާލުމެއްނެތި ޝަދަފު ކާރާ ދިމާލަށް ދިޔައެވެ. ރީޝަމްގެ އަތުގައި ހިފީ ޔޫޝައުއެވެ. އޭނާ ވެސް ރީޝަމް ފޭބުމާއިއެކު މާބޮޑު ފަރުވާލެއްނެތި ޝަދަފުގެ ފަހަތުން ދުއްވައިގަތެވެ.

“ޑިފީ… ޔޯ ފޯން” ދުވެލާފައި އައިސް ޝަދަފުގެ ކޮނޑުގައި އަތްޖައްސާލަމުން ޔޫޝައު ބުނެލިއެވެ. އެހިނދު ކުއްލިއަކަށް ޝަދަފު، ޔޫޝައުގެ އަތުން ފޯނު ދަމައިގަތެވެ. އަދި ފޯނަށް ބަލާލުމާއިއެކު ކާރުގެ ދޮރުފަތް ހުޅުވާލާފައި އޭގެ ފަހަތުސީޓަށް އަރާ އިށީނެވެ. އޭނާއާ ކޮންމެވެސް ވާހަކައެއް ދައްކަމުން ޔޫޝައު ވެސް ކާރާށް އެރިއެވެ. އެމަންޒަރު ބަލަން ހުރި ރީޝަމް ތުންފިއްތާލުމާއިއެކު އިސްޖަހާލިއެވެ.

“ހިނގާ ދަމާ، މުއީޒު ގުޅާފައި ބުނެފި ކާރު މިއޮށްމަގުގައި ޕާކުކޮށްގެންނޯ މިހުރީ” ޒަބާ އިރުމަތިން ބޭރަށް ނުކުމެވެން އޮތް މަގު ރީޝަމްއަށް ދައްކާލަމުން ބުންޏެވެ. އެއާއިއެކު އެއްވެސް އެއްޗެއް ނުބުނެ ޒަބާ އާއިއެކު ރީޝަމް ހިނގައިގަތެވެ. އޭރު ތަރަފް އާއި ރަސަލް އާއި ދެމީހުން ސަލާމްކޮށްލާފައި ދެމީހުންގެ ޢާއިލާ ގާތަށް ދިއުމަށް ހިނގައިގަނެއްޖެއެވެ.

ގެއަށް އައިސް ވަދެވުމާއިއެކު ޝަދަފް ދުވެފައި ކަހަލަ ގޮތަކަށް ސިޑި އާއި ދިމާލަށް ދިޔައެވެ. އެކަން އަސްމަހާނަށާއި ތަރަފްއަށް ހައިރާންކަން ގެނުވިއެވެ. އެ ދެމީހުން އެކަކު އަނެކަކަށް ބަލާލީ ޝަދަފުގެ އެހަރަކާތަށް ގޮތްކިޔާލާފަދަ ގޮތަކަށެވެ. އެހެންނަމަވެސް ދަތުރަށްފަހު ތާޒާވެލަން ބޭނުންވެފައި ހުރީ ކަމުގައި ތަރަފް ޚިޔާލުދިނެވެ. އަދި އަސްމަހާނާއިއެކު އައިސް އެދެމަފިރިންގެ ކޮޓަރިއަށްވަނެވެ.

ފެންވަރާ ތާޒާ ވެލައިގެން ނުކުމެވުނު އިރު ހަތްގަޑި ބައިވަނީއެވެ. ކަންފަތުގައި ފޯނު ޖައްސާލައިގެން ހުރެ ހަލުވިކޮށް ޝަދަފު ބެލްކަންޏަށް ނުކުމެ ރެއިލިންގައި ދެއަތްއަޅުވާލައިގެން ކުރިމަތީ ހުރި ބެލްކަންޏަށް ނަޒަރު ހުއްޓާލައިގެން ހުއްޓެވެ. އޭރު ކަންފަތުގައި ޖައްސާލައިގެން ހުރި ފޯނުން ކޯލެއް ރިންގުވާއަޑުއިވެމުންދިޔައެވެ.

“ހެލޯ، އިޒޫ” ޝަދަފު އަވަސް އަވަހަށް ބުނެލިއެވެ.

“މާލެ އާއީތަ” ޢިޒްވާ މަޑުމަޑުން އަހާލިއެވެ.

“ހޫމް، މިހާރު މިހިރީ ގޭގަ، ނުކުމެލަ ދީފާނަންތަ، ވަރަށް މިސްވެފަ މިހިރީ، ދެކިލަން ބޭނުން، ޕްލީޒް” ޝަދަފުގެ އަޑުން އޭނާ އެހުރީ ޢިޒްވާ ދެކިލަން ބޭނުންވެފައިކަން އެނގޭހާ ވެއެވެ. ޢިޒްވާގެ ފަރާތުން ޖަވާބެއް ނުލިބުނެއްކަމަކު ޝަދަފުގެ ދެލޯ އޭނާ ހޯދަމުންދިޔައެވެ. ގިނައިރެއްނުވެ ލަދުރަކި ގޮތަކަށް ހިނިއައިސްފައި ހުރެ ޢިޒްވާ ބެލްކަންޏަށް ނުކުތެވެ. އެއާއިއެކު ޝަދަފު ފޯނު ކޯލު ކަނޑާލުމާއިއެކު ކުރިއަށްވުރެ ވެސް ބޮޑަށް ކުރިއަށް ޖެހިލިއެވެ.

“އައި މިސްޑް ޔޫ ސޯ މަޗް، ކީއްވެތަ އެއްވެސް މެސެޖަކަށް ރިފްލައި ނުކުރީ” ޝަދަފުގެ މޫނުމައްޗަށް ދިރުން އައި ކަހަލައެވެ. ލުއި ހިނިތުންވުމަކާއިއެކު އޭނާގެ ނަޒަރު ޢިޒްވާއަށް ހުއްޓާލައިގެން ހުއްޓެވެ.

“ރިޕްލައި ކުރަންވީ ކީކޭ ކިޔާފަކަމެއް އަހަންނަކަށް ނޭނގުނު، އެހެންވެ އެއްޗެއް ނުބުނީ، ފަހުން ގުޅާނަމޭ ކިޔާފައި ޚަބަރެއް ވެސް ނުވޭ، ދަތުރު މާ މަޖާވީމަ އެހެން ވެދާނެކަން އަހަންނަށް އެނގޭ” ޢިޒްވާ ބުނެލިއެވެ.

“ނޫން، އެއްވެސް މަޖަލެއްނޫން، އެމީހުން އަހަރެންގެ ފޯނު ފޮރުވީ، އެހެންވެ ފަހުން އިޒޫއަށް ނުގުޅުނީ، މާލެ އެރިފަހުން ފޯނު އަތަށް އެރީ، އެނގޭތަ، ވަރަށް ސަޅި ފިނޮޅެއް އެއީ، ހިތަށްއެރި އަހަންނާއިއެކު އިޒޫ ހުރިނަމައޭ، އޭރުން ހަމަޔަގީނުން ވެސް މަޖާވާނެ” ޝަދަފު ބޯއަރިކޮށްލަމުން ބުނެލިއެވެ.

“އެހެންތަ” ޢިޒްވާ ބުންޏެވެ. ޝަދަފު އޭނާގެ ދުވަސް ދިޔަގޮތާއިމެދު ސުވާލުކުރިއެވެ. ބޭރަށް ދިޔައީ ކޮން ރަޙުމަތްތެރިއަކާއިއެކު ތޯ ވެސް އެހިއެވެ. ސަމަރްގެ ވާހަކަ އެދެމެދުގައި ދެކެވުނެވެ. ޢިޒްވާ އާއި ސަމަރްގެ ގާތްކަން ޝަދަފަށް އޮޅުންފިލުވައިދިނެވެ. އެގޮތަށް ދެމީހުން ވާހަކައިގައި ތިއްބާ ފަރްޝާގެ އަޑު ޢިޒްވާއަށް އިވުނެވެ. ސިހިފައި ތެޅިގަންނަމުން ޢިޒްވާ އެތެރެއަށް ދިއުމަށް އެނބުރިލިއެވެ.

“އެއްކަހަލަ ގަޑީގައި މިރޭ ވެސް ދިމާވާނެ ދޯ” ޝަދަފު ހިތްއަވަސްވެފައި ހުރެ ބުނެލިއެވެ. ޢިޒްވާ ބޯޖަހާލަމުން އަވަސް އަވަހަށް އެތެރެއަށް ވަދެގެން ދިޔައެވެ.

ހަފްތާއެއް ނިމިގެން ދިޔައިރު ޝަދާއި ޢިޒްވާގެ ގުޅުން ބަދަހިވެފައިވަނީ ހީކުރިވަރަށްވުރެ ވެސް އަވަހަށެވެ. ދެޒުވާނުންގެ ހިތުގައި ވެސް ލޯބީގެ ހުޅުކޮޅު ރޯވެއްޖެއެވެ. ވަގުތެއްވެއްޖެއްޔާ ދެމީހުން ވެސް ތިބެނީ އެކަކު އަނެކަކު ދެކިލާހިތުންނެވެ. ހެނދުނު ޢިޒްވާ އޮފީހަށް ދާއިރު އޭނާ އާއިއެކު އޮފީހާ ހަމައަށް ދިއުމަކީ ޝަދަފުގެ އާދައަކަށް ވެއްޖެއެވެ. ސަމަރް އާއި ޝަދަފު ބައްދަލުވީ އެގޮތުންނެވެ. އެކަކު އަނެކަކުގެ މިޒާޖު ދެމީހުންނަށް ވެސް ކަމުދިޔައެވެ.

“ޝަދަފް ތިހެން އުޅެފަ އިޒޫ އާއި ރުޅިނުވައްޗޭ” ސަމަރް އޭނާގެ ކުރިމަތީ އިން ޝަދަފަށް ބުނެލިއެވެ. އޮފީސް ނިންމާފައި ދަމުން ޢިޒްވާ އާއި ސަމަރް ވަނީ ރެސްޓޯރެންޓަކަށެވެ. އެމީހުންނާއިއެކު ޝަދަފު ވެސް ބައިވެރިވިއެވެ.

“ސަމަރް” ޢިޒްވާ ލޯބޮޑުކޮށްލަމުން އެކުވެރިޔާއަށް ބަލާލިއެވެ. ހީވީ އޭނާ އެބުނީ ބުނެގެން ނުވާނޭ ވާހަކައެއް ހެންނެވެ.

“އިޒޫ ދެކެ އަހަރެން ވަނީ ހަޤީޤީ ލޯބި، އޮޅުވާލާކަށް ބޭނުމެއްނޫން، އަސްލު ވެސް ވަރަށް ލޯބިވޭ” ޝަދަފު އޭނާގެ ގާތުގައި އިން ޢިޒްވާގެ އަތްތިލާގައި ހިފާ ބާރުކޮށްލިއެވެ.

“އޯ ސޯ ސްވީޓް” ސަމަރް އިނދެފައި ބުނެލިއެވެ. ސަމަރް ބުނަން ބޭނުންނުވިޔަސް އޭނާއަށް ވެސް ޝަދަފުގެ ވާހަކަތަކުން އޮޅުވާލުމެއް ނުފެނެއެވެ. އޭނާ ޢިޒްވާދެކެ ލޯބިވާވަރު އޭނާގެ ޢަމަލުތަކުން ވެސް ފެނެއެވެ. ތިން މީހުން އެކުގައި ތިބެ ކައިގެން ނުކުތުމުން ސަމަރް ހިނގައިގަތީ އޭނާގެ ގެއަށް ދިއުމަށެވެ.

“އިޒޫ، މާދަމާ ބަންދު ދުވަހެންނު، އަހަންނާއިއެކު ތަނަކަށް ދާންވެއްޖެ” ޝަދަފު ބުންޏެވެ.

“ކޮންތާކަށް” ޢިޒްވާ ހައިރާންވެފައި ޝަދަފަށް ބަލާލިއެވެ.

“ހުޅުމާލެއަށް، ކުޑަ ސަޕްރައިޒެއް އެއީ، އެކަމަކު އިރުއޮއްސެން ވާއިރަށް ތައްޔާރުވެގެން ހުންނަންވާނެ، މިހާ ކުރިން މިބުނީ ވެސް އިޒޫގެ އިތުރު ޕްލޭނެއް އޮވެދާނެތީވެ، ދާނަން ދޯ” ޝަދަފު ޖެހިލުންވެފައި ހުރެ ވެސް ޢިޒްވާގެ އަތުގައި ހިފާލިއެވެ. އެހިނދު ޢިޒްވާ އަވަސް އަވަހަށް އޭނާގެ އަތްތިލަ ދަމައިގަތެވެ. އަދިވެސް މީހުންގެ ކުރިމަތީ ފާޅުކަން ބޮޑުގޮތަކަށް ޢިޒްވާ އަށް ޝަދަފާއި ގާތްވާކަށް ނުކުރެއެވެ. އެންމެ ކުޑަމިނުން އަތުގައި ހިފާލާކަށް ވެސް އޭނާ އެއްބަހެއް ނުވެއެވެ. ޢިޒްވާގެ އެފަދަ ނިންމުންތަކަށް ޝަދަފު އިޙުތިރާމު ކުރެއެވެ. އެއާއިއެކު ހިތުގައި ފާޑެއްގެ ލާނެތްކަމެއް ވެސް އުފެދިގެންދެއެވެ. ޢިޒްވާ ރަކިވެ ލަދުގަނެފައި ހުންނައިރު ޝަދަފަށް ވަކިން ކަމުދާތީ އެފަދަ ގޯނާ ކޮށްލާހިތްވަނީއެވެ.

“ގޮސް ދާނަން، އެކަމަކު ލަސްނުވެ މިކޮޅަށް އަންނަ މަތިން، މަންމަ ވަރަށް ސުވާލު ގިނަވާނެ، އެހެންނޫނަސް މަންމަ ގާތު ހުރިހާ ވާހަކައެއް އަހަރެން ދައްކަން، ވަރަށް ބޭނުން ޝަދަފުގެ ވާހަކަ ބުނަން ވެސް، އެކަމަކު ނޭނގެ، ހިތްބިރު ގަންނަނީ، ބުނަން ހިތަށް އަރާފަ ވެސް ފަސްޖެހެވެނީ” ޢިޒްވާ އިސްޖަހާލިއެވެ.

“އަހަރެން ވެސް އަދި މީހެއްގެ ގާތު އިޒޫގެ ވާހަކައެއް ނުދައްކަން، އެކަމަކު އެނގޭތަ، އަހަންނާއި އެންމެ އެއްކޮށް އުޅޭ މީހަކީ ނަވާ، އޭނާއަށް ކޮންމެވެސް ވަރަކަށް ޝައްކުވެފައި އޮތީ، އެހި އަހަރެން އުޅެނީ ކުއްޖަކާ ރައްޓެހިވެގެންތޯ، އަހަރެން އަދިވެސް އެއްބަހެއްނުވަން އެކަމަކަށް، ފަހަރެއްގައި އިޒޫ ނުރުހިދާނެތީ ބުނަން ނުކެރިގެން މިއުޅެނީ” ޝަދަފު މާނަފުން ނަޒަރަކުން ޢިޒްވާއަށް ބަލަމުން ބުނެލިއެވެ.

“ޝަދަފު ބޭނުންތަ އެހެން މީހުން ގާތު އަހަރެންގެ ވާހަކަ ބުނަން” ޢިޒްވާ ހިނިތުންވެލަމުން އަހާލިއެވެ.

“އާން! ކީއްވެބުނަން ބޭނުންނުވާނީ، އަހަރެން ސިއްރުން އުޅޭކަށް ނޫނޭ އިޒޫދެކެ ލޯބިވޭޔޭ ބުނީ” ޝަދަފު ބުންޏެވެ.

“ސަމަރު ބުނާގޮތުން ޝަދަފުމެންގެ ޢާއިލާއަކީ މާލޭގެ ވަރަށް ޤަދަރުވެރި ޢާއިލާއެއް، ކީއްވެތަ ޝަދަފުގެ ޢާއިލާ ބެހޭ އެއްވެސް ވާހަކައެއް ނުދައްކަނީ” ޢިޒްވާއަށް ފާހަގަކުރެވުނު ކަމެއް އޭނާ ހާމަކުރިއެވެ.

“ނުކިޔާދޭކަށްނޫން، އެކަމަކު މިވަގުތަކު ނޫން ދޯ، ދެން ދިމާވާ ފަހަރަކުން އަހަރެން ހުރިހާ ވާހަކައެއް ކިޔައިދޭނަން” ޝަދަފު އޭނާގެ ޖިންސުގެ ދެޖީބަށް އަތްޖަހާލަމުން ބުނެލިއެވެ.

ގޯޅިތެރެއަށް ދެޒުވާނުން ވަދެގެން އައީ އެކުއެކީގައެވެ. އޭރު ޒައުލް އާއި ޔޫޝައު އައިސް ގެއަށް ވަންނަނީއެވެ. އެތަން ފެނި ޝަދަފުގެ މޫނުމައްޗަށް ހާސްކަންވެރިވެގެންދިޔައެވެ. ކުއްލިއަކަށް ވީގޮތެއް ނުބުނެ ދަނީކަމުގައި ބުނެ ޝަދަފު ހިނގައިގަތީ އޭނާގެ ގެއަށް ވަނުމަށެވެ. އެހެންވެ ވާނުވާ ނޭނގިހުރެ ޢިޒްވާ ޝަދަފަށް ބަލަމުން ދިޔައެވެ. ފަސްއެނބުރި ބަލާލުމެއްނެތި ޝަދަފު ދިއުމުން ޢިޒްވާއަށް އުނދަގޫވިއެވެ. އެހެންނަމަވެސް އޭނާއަށް ޝަދަފުމެންގޭ ދޮރޯށިން ވަން ދެޒުވާނުން ފެނިފައި އެމީހުންގެ ސަބަބުން ޝަދަފަށް އައި ބަދަލެއްކަން ނަގައިގަނެވުނެވެ. އެއްޗެއް ނުބުނެ ޢިޒްވާ އައިސް އޭނާގެ އެޕާޓްމެންޓަށް ވަނުމަށް އިމާރާތުގެ ދޮރޯށިން ވަނެވެ.

“މިއަދު ހާދަ ލަސްވީ” ދޮރުން ވަން ޢިޒްވާ ފެނިފައި ސޯފާގައި އޮށޯވެލައިގެން އޮތް ފަރުޝާ އަހާލިއެވެ.

“މަންމަ މާބޮޑަށް ބަލީތަ” ސޯފާގައި ފަރުޝާ އޮތްތަންފެނި ކުއްލިއަކަށް ޢިޒްވާ ކަންބޮޑުވިއެވެ. އަވަސް އަވަހަށް ދޮރުލައްޕާލާފައި އައިސް ފަރުޝާގެ ގާތުގައި ހުއްޓިލިއެވެ.

“މިތާ މިހެން އިނދެ އިނދެ ވަރުބަލިވެގެން އޮށޯވެލީ، ޢިޒްވާ، މަންމަ ގޮވައިގެން ކުޑަކޮށް ހިނގާލާ ހަދަން މާދަމާ ނުކުމެލަންވީނު، އަބަދު ގޭގައި ހުންނަންވީމާ ވެސް ހީވޭ މާބަލި ބޮޑުވާހެން” ފަރުޝާ މަޑުމަޑުން ސޯފާއިން ތެދުވަމުން މިހެން ބުންޏެވެ. ޢިޒްވާ، ފަރުޝާގެ ގައިގާ ހިފާއްޓާލުމާއިއެކު އޭނާ ތެދުވެ ހަމަޖެހިލަން އެހީތެރިވެދިނެވެ. އަދި ފަރުޝާގެ ގާތުގައި އިށީނެވެ.

“އަހަރެން ވެސް މަންމަ ގޮވައިގެން ދާހިތްވޭ، އެކަމަކު މަންމައަށް ވާގޮތް އެނގެއެންނު، މިގޭ ސިޑިން އަރާ ފައިބާއިރު މަންމަ ނޭވާ ކުރުވެފައި ހުންނަތަންފެނި އަހަރެން ބިރުގަންނަ ވަރުވޭ، ކޮބާތަ ހާމިޒުބެ، ޚަބަރެއްނުވޭތަ، ޒުބޭރު ގާތު ވެސް ބުނެފިން މިގޭ ތިރިން ބައެއް ހުސްވެއްޖެއްޔާ އަހަންނަށް އަންގާލަދެއްޗޭ، އޭނާގެ ޚަބަރެއް ވެސް ނުވޭ، ޔަޤީން، މިފެށޭ ހަފްތާ ކުލި ބަލާ އޭނާ އަންނާނެކަން، ކޮންމެ މަހެއްގެ އެކެއް ނައިސްގެން އޭނާ ހުންނާނީ، އަދި ހާދަ ފޫހި ވައްތަރަކަށް އުޅޭ މީހެކޭ އެއީ” ޢިޒްވާ ކަކުލުގައި ވިއްދާލި އަތުގައި ދަތްދޮޅި އަޅުވާލީ ފިކުރުބޮޑުވެފައި އިންފަދަ ގޮތަކަށެވެ.

“ހާމިޒުގެ ޚަބަރެއް ނުވެގެން މަންމަ ގުޅާލިން، ފޯނެއް ނުނަގާ، ރާމިޒައްތައަށް ގުޅާލީމަ އެނގުނީ ބޮޑުކަންނެއްޔަށް ގޮސްކަންވީ، މަންމަ ވެސް ވަރަށް ފޫހިވޭ ޒުބޭރުދެކެ، އެކަމަކު ކީއްކުރާނީ، މިއަދު އެމީހުންގެ ގެދޮރުގައި އުޅެން މިވަނީ މަޖުބޫރުވެފައި، ވީއިރު އަގުދީގެންނު އުޅެވޭނީ، އެކަމާ އެއްބަސްވެގެންވިއްޔާ މިތަންތަނަށް ވަދެމިތިބެނީ، ޢިޒްވާ… މިރޭ ނިދާ ގަޑީގައި މަންމައަށް އޮކްސިޖަން ފުޅިގުޅައިލަދެއްޗޭ” އުނދަގޫ ގޮތަކަށް ނޭވާ ލަމުން ފަރުޝާ ބުންޏެވެ.

ފަރުޝާއަށް ވާއުނދަގޫތައް ޢިޒްވާއަށް ސިއްރުކުރަން ކިތަންމެހާ ވެސް ބޭނުމެވެ. އެކަމަކު ކެތްނުވާ ހިސާބަށް ދިއުމުން ކަންތައްތަކު ޢިޒްވާގެ ގާތުގައި ނުބުނެއެއް ނުހުރެވެއެވެ. މިފަހަކަށް އައިސް އޭނާއަށް އަބަދުމެ ވިސްނެނީ އަންހެން ދަރިފުޅު މިދިނުޔެއަށް ދޫކޮށް އެނބުރިއައުމެއްނުވާ ދުނިޔެއަށް އޭނާ ދާންވީ ވަގުތު ޖެހުމުން އެދަރިފުޅަށް ވާނޭ ގޮތާއިމެދުއެވެ. އެދެވެނީ އެދަރިފުޅުގެ ހަޔާތް ބާއްޖަވެރިކޯށްދޭނޭ ބައިވެރިއަކު އޭގެ ކުރިން ލިބުމަށެވެ. އޭނާގެ ފަހު ނޭވާ ދޫކުރުމުގެ ކުރިންނެވެ.

ޢިޒްވާ ފަރުޝާގެ މޫނަށް ވަރަށް ރަނގަޅަށް ބަލާލުމަށްފަހު ވާހަކަދައްކަންފެށިއެވެ.

“މަންމަ ނިދަން އޮށޯންނަންވާއިރަށް އަހަރެން އެފުޅި ތައްޔާރުކޮށްދީފައި ބަހައްޓާނަން، މަންމާ، މިފަހަކަށް އައިސް ހާދަ ފާޑަކަށޭ ތިނޭވާލަނީ، އުނދަގުލެއްވާނަމަ އަހަރެން ގާތު ނުބުނެ ނުހުންނައްޗޭ، ކަމެއް ގޯސްވެއްޖެއްޔާ އަހަރެން މާދެރަވާނެ، އެކައުންޓުގައި މިހާތަނަށް ރައްކާކުރެވިފައި ހުރީ ކިހާ ވަރެއްތޯ ދެން ހުޅުވޭ ދުވަހުން ބަލާލާނަން، މަހެއްހާ ދުވަސްފަހުން ހީވަނީ ފުރޭނެހެން، މިއަދު ވެސް ދެކުއްޖެއްގެ ފަރާތުން ހެދުންތަކެއް ފަހަން ލިބިއްޖެ، މިރޭ އަންނާނެ މިންނަގަން، އަވަހަށް ފުރިއްޖެއްޔާ ރަނގަޅުތާ ދޯ، އެކަމަކު އަހަރުމެންނާއިއެކު ހާމިޒުބެ ނެތިއްޔާ ވަރަށް އުނދަގޫވާނެ” ޢިޒްވާ އުންމީދުކަނޑާލާކަށް ބޭނުމެއްނޫނެވެ. މަންމައަށްޓަކައި އޭނާ ކޮންމެކަމެއް ވެސް ކުރަން ފަހެއްނުޖެހޭނެއެވެ. މަންމަ އޭނާއަށް ކަމެއް ސިއްރުކުރާހެން ޚުދު އޭނާއަށް ވެސް ހީވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އޮފީހުގައި އުޅެންޖެހޭތީ މަންމަ އާއިއެކު ގިނަވަގުތުތަކެއް ހޭދަނުކުރެވެއެވެ. މަންމަ ސިއްރުކުރަނީ ކޮންކަމެއްކަން ނަގައިނުގަނެވިގެން އުޅެނީ އެހެންވެކަމުގައި ޢިޒްވާ ޤަބޫލުކުރެއެވެ.

“މަންމަ ތިތާ އޮށޯވެލައިގެން އޮވޭ، އަހަރެން އަންނާނަން ފެންވަރާލައިގެން، އެހެންނޫނީ މިހެން އިންދާ އިރުއޮއްސިދާނެ، އަދި އަސުރު ނަމާދު ނުކުރަން، މިއަދު ސަމަރު ކާންދިނީމަ، ރައްޓެހި ކުއްޖަކާ އޭނާ އާއިއެކު ރެސްޓޯރެންޓަކަށް ވަނީ، އެހެންވެ ލަސްވީ، މަންމައަށް އެނގެއެންނު ސަމަރް ކަމަކު ޖެހިއްޖެއްޔާ ވާނެގޮތް” ލުއި ގޮތަކަށް ހީނލަމުން ޢިޒްވާ ބުނެލިއެވެ. ބަދަލުގައި ފަރުޝާ ވެސް ހީނލާފައި ކުރިން އޮތްގޮތަށް ސޯފާގައި ހަށިގަނޑު ދަމާލަން އުޅުނެވެ.

ފެންވަރަން ހުރި ޢިޒްވާގެ ސިކުނޑީގައިވަނީ ޝަދަފުގެ ޚިޔާލެވެ. އޭނާ އެދުނު އެދުމެވެ. އެކަމަކު ފަރުޝާ ގާތު އެވާހަކަ ބުނާނީ ކިހިނެއްކަމާއިމެދު ޢިޒްވާ ވިސްނަނީއެވެ. ރައްޓެއްސަކާއިއެކު ދަނިއްޔޭ ބުނެފިއްޔާ އެއީ ކާކުތޯ އެނގެން ފަރުޝާ ބޭނުންވާނެއެވެ. އެންމެ ފަސޭހައިން ސަލާމަތްވެވޭނީ ސަމަރުގެ ނަން ގެނެސްގެންނެވެ. އެކަމަކު ސަމަރްއަށް ނޭނގި އޮވެއްޖެއްޔާ އޭނާ ފަހަރެއްގައި އެގެއަށް އަތުވެދާނެއެވެ. ސަމަރްއަކީ އެކަހަލަ މިޒާޖެއްގެ އަންހެނެކެވެ. އަންގާވެސް ނުލާ ކިތަންމެ ފަހަރަކު ޢިޒްވާ ހޯދަން އެގެއަށް އައިސްފައި އެބަހުއްޓެވެ. ޢިޒްވާ އެންމެފަހުން ގޮތެއް ނިންމިއެވެ. ފެންވަރާ ނިމިގެން އޭނާ ފާޚާނާއިން ނުކުތީ ސިކުނޑީގައި ހުރިހާ ކަމެއް ރާވާލައިގެން ހުރެއެވެ.

އިޝާ ނަމާދުކޮށްގެން ފަރުޝާ ކޮޓަރިން ނުކުންނަންވާއިރަށް ޢިޒްވާ އައިސް މޭޒުމައްޗަށް ކާންހެދިއެވެ. އަދި ގޮނޑީގައި އެއްފައި ނަގައިގެން އިށީނދެލައިގެން އިނދެ ސަމަރްއަށް ގުޅިއެވެ.

“ހެލޯ، ސަމަރް..” ކަންފަތުގައި ފޯނު ޖައްސާލައިގެން އިނދެ އަނެއްއަތުން އަނގަޔާއި ފޯނު ނިވާކޮށްލަމުން ޢިޒްވާ ވަރަށް މަޑުމަޑުން ބުންޏެވެ. ކޮޓަރީގައި އިން ފަރުޝާއަށް އަޑުއިވުނަ ނުދިނުމަށެވެ.

“ކީކޭ، ހާދަ މަޑުން ތިވާހަކަދައްކަނީ، ސާފެއްނުވޭ ތިކިޔާ އެއްޗެއް، ތަންކޮޅެއް ބާރަށް ބުނެބަލަ” ސަމަރު ބުންޏެވެ.

“މިވަގުތު އެހާ ބާރަކަށް ވާހަކައެއް ނުދެއްކޭނެ، ކުރަންހުރިކަމެއްވިއްޔާ ހުއްޓާލާފައި އިހަށް މިވާހަކަ އަޑުއަހާބަލަ، ވަރަށް ބޮޑުކަމަކު މިގުޅީ” ޢިޒްވާ ކުޑަކުޑަކޮށް އަޑުބާރުކޮށްލަމުން ބުންޏެވެ.

“ކިހިނެއްވީ” ސަމަރުގެ އަޑުން އޭނާމިހާރު އެހުރީ ޢިޒްވާބުނާ އެއްޗެއް އަޑުއެހުމުގެ ޝައުގުވެރިކަމުގައިކަން އެނގިގެންދިޔައެވެ.

“އަހަރެން ޝަދަފާއިއެކު ތަނަކަށް ދާންވެގެން، އެނގެއެންނު މަންމަގެ ގޮތް، އަހަރެން ތަނަކަށް ދަންޏާ ދަނީ ކާކާއެކު ކީއްކުރަންތޯ ސުވާލުކުރާނެ، ސަމަރް އާއިއެކުއޭ ބުނެފިއްޔާ އެއްވެސް ސުވާލެއްނުކުރާނެ…” ޢިޒްވާގެ ވާހަކަ ނުނިމެނިސް ސަމަރް ވާހަކަދައްކަންފެށިއެވެ.

“ހޫމް! އެނގިއްޖެ، އިޒޫ ނެރެން އަހަރެން ދާންވީ ދޯ ތިގެއަށް” ސަމަރް ދިމާކޮށްލާފަދަ ގޮތަކަށް ހީނލަމުން ބުނެލިއެވެ.

“ނޫން! ސަމަރް ނަޔަސް އެންމެ ރަނގަޅު، އެކަމަކު ކޮށްދޭންވީ ކަމަކީ އަހަރެން ހޯދަން މިގެއަށް މާދަމާ ހަވީރު ނާންނަންވީ، އަހަރެން ވިސްނައިގެން މިހިރީ މާދަމާ ސަމަރް އާއިއެކު ބޭރަށް ދާންޖެހޭ ކަމަށް މަންމަ ގާތު ބުނަންވެގެން، ސަމަރްއަށް މިގުޅީ އެވާހަކަ ބުނަން، އަހަރެން ސަމަރް އާއިއެކު ބޭރަށް ދަނިއްޔޭ މަންމަ ގާތު ކިޔާފައި ދާތަނުން ސަމަރް މިގެއަށް އައިސްފިއްޔާ މަންމައަށް ހުރިހާކަމެއް ފަޅާއަރާނެ، އެހެންނޫނަސް އަހަރެން ބޭނުމެއްނޫން މަންމައަށް ދޮގު ހެދިކަން އެނގޭކަށް” ޢިޒްވާ އޭނާ ބޭނުންވާގޮތް ސަމަރްއަށް ސާފުކޮށްދިނެވެ.

“އޯކޭ، އަހަރެންގެ ހެލްޕެއް ބޭނުންވެއްޖެއްޔާ އަންގާލާ، ދެންބުނެބަލަ، ޝަދަފާއިއެކު ކޮންތާކަށް ދާންތިއުޅެނީ، އަނެއްކާ ޑޭޓެއްތަ” ސަމަރް ކެތްނުވެގެން އަހާލިއެވެ.

“ހެ ހެ ހެ… ނޭނގެ، ޑޭޓެކޭ ނުއެއްބުނޭ، ބުނިހާ ވެސް އެއްޗަކީ މާދަމާ ހަވީރު ހުޅުމާލެއަށް އަހަރެން ގެންދަން ބޭނުންވާކަމަށް، ވަރަށް ޖެހިލުންވެފައި މިހުންނަނީ، ޝަދަފު ކުރަންއުޅޭކަމެއް ނޭނގޭތީ” ޢިޒްވާ ބުންޏެވެ.

“ބޮޑުކަމެއް ވިޔަ ނުދެއްޗޭ، ޝަދަފު ކިތަންމެ ރަނގަޅަސް އެހާ ގާތްވާކަށް ނުވާނެ، ރަނގަޅު މީހެއްނަމަ އެގޮތަށް ނުވެސް އުޅޭނެ، ދެން ދަމުން އަހަންނަށް އަންގާލާފައި ދައްޗޭ” ސަމަރް ބުންޏެވެ.

ފޯނު ކޯލު މާދިގެއް ނުކުރެވުނެވެ. އިޝާ ނަމާދުކޮށްގެން ފަރުޝާ ކޮޓަރިން ނުކުންތަން ޢިޒްވާއަށް ފެނުމާއިއެކު ކޯލު ކުރުކޮށްލާފައި ކަނޑާލައިފިއެވެ. އަދި ފަރުޝާއަށް ހިނިތުންވެލަމުން ކާން އަންނަން ބުންޏެވެ.

“އިޝާ ނަމާދު ކުރީތަ” ފަރުޝާ މޭޒުގެ ކައިރިއަށް އައިސް ގޮނޑި ދަމާލަމުން އަހާލިއެވެ.

“މަންމަ ނުކުންނަންވާއިރަށް ސިޓިން ރޫމަށް ނަމާދަށް އަރާލައިފިން، ވަރަށް ބަނޑުހައިވެފައި މިހިރީ” ޢިޒްވާ، ފަރުޝާއަށް ޖަވާބުދެމުން ކާންތައްޔާރުވިއެވެ.

* * * *

“ޝަދަފު، ކިހިނެއްވެފަ ތިއިނީ، ކާންހުރި އެއްޗެހި ކަމުނުދަނީތަ” އަސްމަހާނު، އީޝާ ދިއްކޮށްލި ތެލުލިމަސްތަށީގައި ހިފިވަގުތު ޚިޔާލަކަށް ގެއްލިފައި އިން ޝަދަފު ފެނުމުން އަހާލެވުނެވެ.

“މަންމާ، އަޅުގަނޑު ސުވާލެއް ކޮށްލަން ބޭނުން” ކާމޭޒުދޮށުގައި ރޭގަނޑުގެ ކެއުމުގައި ބައިވެރިވަމުން ދިޔަ އެންމެންގެ ސަމާލުކަން ޝަދަފަށް ހުއްޓުނެވެ. އެއާއިއެކު އަސްމަހާނު ބޯޖަހާލަމުން ލުއިގޮތަކަށް ހިނިތުންވެލިއެވެ.

“މަންމަ ދެކިލައްވާގޮތުގައި ރަނގަޅު އަންހެންކުއްޖެއްގެ ގައިގާ ހުންނަންޖެހޭނެ ސިފަތަކަކީ ކޮބާ؟ ނޫނީ އަންހެންކުއްޖަކީ ރަނގަޅުއަންހެން ކުއްޖެއްކަން ދެނެގަންނާނެ ގޮތެއް އޮވޭތަ، ބައްޕަ، މަންމަ ޗޫސް ކުރެއްވީ ކިހިނެއް” ޝަދަފު ވަރަށް ޝައުގުވެރިކަމާއިއެކު އަސްމަހާނަށް ބަލަންއިނދެ ކުރި ސުވާލުތަކުން އެންމެން ހައިރާންވިއެވެ. ނަމަވެސް އަސްމަހާނުގެ ލޮލުން ފެނިގެންދިޔައީ ތަފާތު ވިދުމެކެވެ. އޭނާ ޝަދަފުގެ ފަރާތުން އެފަދަ އިޝާރާތަކަށް އިންތިޒާރުކުރަމުން ދިޔަކަހަލައެވެ. އެހެންވެ ލުއިގޮތަކަށް ހީނލާފައި އަސްމަހާނު ވާހަކަދައްކަން ފެށިއެވެ.

“އެއަންހެން ކުއްޖަކީ އަހުލާގު ރަނގަޅު ކުއްޖަކަށްވާންވާނެ، ރީތި އަދަބުތައް އެނގެންވާނެ، އަހަރުމެންގެ ޢާއިލާ އާއި ގުޅިގެން އުޅެވޭނޭ ފަދަ ކުއްޖަކަށްވުން ވެސް ވަރަށް މުހިންމު، ޝަދަފުގެ ބައްޕައަށް އެނގިލައްވާނީ ކީއްވެކަން މަންމަ ޚިޔާރުކުރީ، ގައިމުވެސް ދަރިފުޅުމެންގެ ބައްޕަ ޔުނިވަރސިޓީގައި ކިޔަވަން އުޅުއްވިއިރު އަންހެންކުދިންގެ މެދުގައި ވަރަށް މަޝްހޫރުވާނެ، އަދި ބުނަން، އަންހެންކުއްޖާއަކީ ފިރިހެންކުއްޖާއަށް ޤަދަރުކުރާ ކުއްޖަކަށްވާންވާނެ، ރަނގަޅު ޢާއިލާއަކުން އައިސްފިނަމަ އެއަންހެންކުއްޖާ ގޯހެއްނުވާނެކަން މަންމައަށް އެނގޭ، އަނެއްކާ ޝަދަފު އަންހެން ކުއްޖަކު ހޯދަނީތަ، ނޫނި ރަނގަޅުކުއްޖަކު ފެނުނީތަ، އެހެންވެއްޖެއްޔާ ތިއީ ވަރަށް އުފާވެރި ޚަބަރެއް” އަސްމަހާނުގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ޝަދަފަށް ދެއްކުނު ވާހަކައާމެދު ވިސްނާލެވުނީ ދެނެވެ. ކުޑަކޮށް ރަކިވީ މޭޒުދޮށުގައި ތިބި ޔޫޝައު އާއި އީޝާ ދިމާކޮށްލުމުންނެވެ.

“މަންމާ، އަޅުގަނޑަށް ހީވަނީ އެއީ ކޮންކުއްޖެއްކަން އަޅުގަނޑުމެންނަށް އެނގޭހެން” ކުއްލިއަކަށް ޔޫޝައު އިނދެފައި އަސްމަހާނަށް ބުނެލިއެވެ.

“ޔޫޝް، ޒިޕް އިޓް، އެހެންނޫނީ….” ޝަދަފު ލޯއަޅާލަމުން ބުންޏެވެ. އެއާއިއެކު އެންމެންގެ ހުނުމުގެ އަޑުއިވިގެންދިޔައެވެ.

“އަބަދު ބުނާނެ ފުރަންށޯ މިއުޅެނީ، މިސެމެސްޓަރ ޑްރޮޕްކޮށްލަން ދޯ ތިއުޅެނީ، އެންމެން ކިޔަވާ ނިމޭއިރު ވެސް ޔަޤީނޭ ޔޫޝް ނުނިމޭނެކަން ކިޔަވައި” ޝަދަފު މަޢުލޫބަދަލުކޮށްލަން އުޅުނެވެ.

“ޑިފީ ގާތު ނުބުނެ ފުރަންވެގެންނޭ މިހިރީ، ޓިކެޓު އޮތީ ހަމަޖެހިފައި، މާދަމާގެ އީކޭ ފްލައިޓުން ދަނީ، ދެން ގޮސްފައި ނުވެސް އަންނާނަން، މަންމާ، އަޅުގަނޑު ލައިފެއްފަށާނީ ވެސް އެކޮޅުގައި، ކީއްކުރަން މިމާލެއަށް އަންނަންވީ، މިތަނަށް އައީމަ ބޯހާސްވުން ނޫންކަމެއް ނުވޭ، އެހާ ކްރައުޑެޑް، މިކޮޅުގައި ހުންނަންޏާ ރިސޯޓެއްގައި ހުންނަންވީ، ހިތަށްއަރާ ލަގްޒަރިއަސް އައިލެންޑެއް ހަދާފައި އޮންނަ ނަމައޭ، އޭރުން އަހަރުމެންނަށް ތަންކޮޅެއް ހަމަޖެހިލައިގެން އުޅެވުނީހެންނު، އޭރުން އެތަނަކަށް އެންމެނަކަށް ނުދެވޭނެތާ” ޔޫޝައު އޭނާގެ ޚިޔާލު ފާޅުކޮށްލުމުން އެކަމާ އަސްމަހާނު އެއްބަސްވިއެވެ.

“ތިހިރަ ޚިޔާލުތަކެއްވާ ދޯ، ބަލަ ދެން ވެސް އުޅެނީ އަހަރުމެން ކަހަލަ އިންސާނުންނޭ، އަހަރުމެން އެމީހުންނާއިއެކު އުޅުނީމައެންނު އެމީހުން އުޅޭ ހާލު ވިސްނޭނީ، އަހަރުމެން ފަދަ ތަނަވަސްކޮށްއުޅޭ މީހުންނެންނު އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ތިބޭނީ ވެސް، އެކިފަންތީގެ މީހުން ކޮންމެތަނެއްގައި ދިރިއުޅޭނެ” ޝަދަފްއަށް ޔޫޝައުގެ ވާހަކަތަކުން ނެނގުނީ މުޅިން ތަފާތު މާނައެކެވެ.

“ކޮންމެބަޔަކު ވެސް މުއްސަނދިވާން މަސައްކަތްކުރީމާ މުއްސަނދިވާނެ، ބައްޕަ ވެސް ކަމެއްނުކުރައްވާ ހުންނެވީއެއްނޫން، ދިވެހިން ހަމަ ކަންނެތީ، މުއްސަނދިން ކުރިއަރާ ވާހަކަ ބުނާއިރު، އެމީހުންނަކީ މަސައްކަތްކުރަން ކެރޭ މީހުންނޭ” ޔޫޝައު އާއި ޝަދަފުގެ ޚިޔާލު ތަފާތުވެގެންދިޔައެވެ. ބޮޑުވާހަކައަކަށް އެކަންވުން އަސްމަހާނު ނޭދެއެވެ. އެހެންވެ އޭނާ އެދެމެދަށްވަނެވެ.

“މިރޭ ކާމޭޒުމަތީ ހާދަ އިރެކޭ މިހޭދަވަނީ، ޝަދަފު، ދަރިފުޅު ރަނގަޅަށް ކައިގެން ދާންވާނީ، ރީޝަމްގެ ޚަބަރެއް ބަލާލިންތަ، ދަތުރު ގޮސްފައި އައިފަހުން އެކުއްޖާ މިގެއަކަށް ނާދޭ، ޝަދަފު ދާންވީނު ރީޝް ގޮވައިގެން އަންނަން، މާދަމާ ބާބިކިއުއެއް ބާއްވާލަން ރަނގަޅެންނު، ހުކުރުން އައިސް ފައްޓާނީ” އަސްމަހާނު ޚިޔާލު ފާޅުކުރިއެވެ. އެއާއިއެކު ޝަދަފުގެ މޫނުމައްޗަށް ވެރިވެގެންދިޔަ ޝުއޫރުތައް އަސްމަހާނަށް ފެނި ދެނެގަންނަން މަސައްކަތްކުރިއެވެ.

“މަންމާ، މާދަމާ އަޅުގަނޑުގެ ޕްލޭނެއް އެބައޮތް، ކިހިނެއްވާނީ ރީޝް ގޮވައިގެން ސަޓަރޑޭގައި އައިވިއްޔާ، މިރޭ އޭނާ ގާތު ބުނެލާފައި ބާއްވާނަން” ޝަދަފު މިހެން ބުނުމުން އަސްމަހާނަށް ހީވީ ޝަދަފާއި ރީޝަމް އާއި ދެކުދިން ކަމެއް ރާވާފައި އޮތީކަމަށެވެ. ހިތަށްއެރި އެއްޗަކުން ލާނެތްގޮތަކަށް ހިނިއައިސްފައި އިނދެ ވާހަކަދެއްކިއެވެ.

“އެންމެ ރަނގަޅު، މަންމައަށް އަހާލެވިދާނެތަ ޝަދަފުގެ ޕްލޭނަކީ ކޮބައިތޯ” ހިތްއަވަސްވެފައި އިން އަސްމަހާނު ބޭނުންވީ އިތުރަށް ޝަދަފު ބުނާއެއްޗެއް އޮޅުންފިލުވާލާށެވެ.

“އެއީ… އެއީ… ވަރަށް ކްލޯސް ފްރެންޑަކާއިއެކު ހުޅުމާލެއަށް ދާންކަމަށް” ޝަދަފު އަޅައަޅައިގަންނެފައި ބުނުމުން އިތުރަށް އަސްމަހާނަށް ހީވި ހީވުން ޔަޤީނަށް ބަދަލުވިއެވެ. އަނެއްކޮޅުން ޝަދަފު އެބުނާ އެންމެ ގާތް ރަޙުމަތްތެރިއަކީ ރީޝަމްކަމުގައި މާނަކުރެވުނެވެ.

* * * *

“މިހާރު ރަނގަޅުތަ” ޢިޒްވާ، ފަރުޝާގެ އަނގަޔާއި ނޭފަތާއިއެކު އޮކްސިޖަން މާސްކު އަޅުވާލަދެމުން އަހާލިއެވެ. އެހިނދު ފަރުޝާ އާނއެކޭ ބުނުމުގެ ގޮތުން ދެލޯ މަރާލާފައި ބޯޖަހާލިއެވެ.

“މަންމާ، އަޅުގަނޑު މިއުޅެނީ ރައްޓިކުއްޖަކާއިއެކު މާދަމާ ހަވީރު ބޭރަށް ގޮސްލަންވެގެން، ހުޅުމާލެއަށް، ސަމަރް ވެސް ދާނެ” ޢިޒްވާ ހީވީ ޖެހިލުންވެފައި އިނދެ ބުނެލިހެންނެވެ. ފަރުޝާއަށް ދޮގުހަދަންވީމާ އެހާ ފަސޭހަކަމަކަށް އެކަން ނުވަނީއެވެ.

އުނގުގައި ބާއްވާލައިގެން އިން ދެއަތް ތިލައިގެ އިނގިލިތަކާއި ކުޅެން އިރުކޮޅަކު އިނުމަށްފަހު ޢިޒްވާ، ފަރުޝާއަށް ބަލާލިއެވެ. ފަރުޝާ އޮތީ ދެލޯ މަރާލައިގެންކަމަކު އަދި ނުނިދައެވެ.

“މަންމާ، އަހަރެން ގޮސްލިޔަސް އެންމެ ރަނގަޅުތަ” ޢިޒްވާއަށް ޖަވާބެއް ނުލިބުމުން އަނެއްކާ ވެސް އަހާލެވުނެވެ. އެހިނދު މަޑުމަޑުން ލޯހުޅުވާލި ފަރުޝާ ބޮލުން ހަރަކާތްކޮށްލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ. އޭނާގެ ބަލިހާލުގެ ސަބަބުން ޢިޒްވާގެ އުފާތަކަށް ހުރަސްއެޅުމަކީ އެއްގޮތަކަށް ވެސް ފަރުޝާ ބޭނުންވާގޮތެއްނޫނެވެ. ޢިޒްވާއަކީ އެހެން ކުދިންފަދައިން ވަގުތު ބޭކާރު ކުރުމުގައި އުޅޭ އަންހެން ކުއްޖެއްނޫނެވެ. އެހެންވެ ރައްޓެހިކުދިންނާއިއެކު މަޖާކޮށްލުމަށް ދިއުމަކުން އެކަމުގައި އެއްވެސް މައްސަލައެއް އޮތްކަމަކަށް ފަރުޝާ ނުދެކެއެވެ.

ހިތްހަމަޖެހިލައިގެން އިން ޢިޒްވާގެ މޫނުމަތިން އެކަން ފާޅުވޭވޭހުއްޓެވެ. އޭނާ ހިނިތުންވެލައިގެން ހުރެ ފޯނު އަތަށް ލައިގެން އެނދުންތެދުވެ ބެލްކަންޏަށް ނުކުންނަން ހިނގައިގަތެވެ. ބެލްކަންޏަށް ނުކުމެވުމާއިއެކު ބެލްކަނީގެފާރުބުރީގައި ވަށައިގެން އަޅާފައި އޮތް ހޮޅިގަނޑުމަތީ ދެއަތްއަޅުވާލަމުން ފޯނުން ގަޑިބަލާލިއެވެ. އަދި ކިރިޔާ ގަޑިން އެގާރަ ޖެހީއެވެ. ޢިޒްވާގެ މޫނަށް ވައްތަރެއް ޖައްސާލެވުނީ އެވަގުތު ޝަދަފު ދެކިލާހިތް އޮތްލެއް ބޮޑުކަމުންނެވެ. ނަމަވެސް ފޯނަށް ބަލަން ހުރުން ނޫންކަމެއް އޭނާއަށް ނުވިއެވެ. އެގޮތަށް ގެއްލިފައި ހުއްޓާ ޢިޒްވާގެ ކަންފަތުގައި ޖެހުނު އަޑުން އޭނަގެ ހިތުގެ ހިނގުން ބަދަލުވެގެން ދިޔައެވެ. އަވަސް އަވަހަށް އިސްއުފުލާ އަޑުއައި ދިމާލަށް ބަލާލެވުނީ ކެތްތެރިކަން ކުޑަވެފައި ހުރި ގޮތަކަށެވެ.

“އަހަރެންގެ އިންތިޒާރުގައިތަ” ޝަދަފު އަވަސް އަވަހަށް އައިސް ބެލްކަނީގައި ދެއަތްއަޅުވާލަމުން އޭނާގެ ހުރިހާ ސަމާލުކަމެއް ޢިޒްވާއަށް ހުއްޓާލިއެވެ.

“ނޫން” ޢިޒްވާ ދޮގެއް ހަދާލިއެވެ. ހިތުގައިވާ އެއްޗެއް ފޮރުވާލަން އުޅުނު ކަހަލައެވެ.

“މިރޭ ހާދަ ރީއްޗޭ، އަހަރެން އެހެން ބުނޭތޯތަ އިސްތަށިގަނޑު ނިއުޅާލައިގެން ތިހުންނަނީ” ޝަދަފު ޖަޒުބާތީގޮތަކަށް ބޯއަރިކޮށްލަމުން ބުނެލިއެވެ.

“ދެން ތިހެން ނުކިޔަބަލަ” ޢިޒްވާ ފާޑަކަށް ތުންކޮޅުފިއްތާލަމުން ބުންޏެވެ. ނަމަވެސް ޝަދަފުގެ ހަރަކާތްތަކަށް ބަދަލެއްނައެވެ. އޭނާގެ ވާހަކަތައް ހުރިގޮތުން ހީވަނީ ޢިޒްވާ އިތުރަށް ރަކިކޮށްލާ އޭނާ ލަދުގަންނަވާލަން ބޭނުންވެފައި ހުރި ހެންނެވެ. ޢިޒްވާގެ އެފަދަ ހަރަކާތްތަކުން ޝަދަފުގެ ހިތަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބެއެވެ.

“މަންމަ ހުއްދަ ދީފި، އެކަމަކު ލަސްނުކޮށް އަހަރެން ގެއަށް ގެނެސްދޭންވާނެ” ޝަދަފާއި ދައްކަމުންދިޔަ ވާހަކައިގެ މެދުތެރެއިން ޢިޒްވާ ބުނެލިއެވެ.

“ލަހެއްނުވާނެއޭ، ކޮންކަމަކާތަ އިޒޫ ހާސްވަނީ، އަހަންނާއިއެކު އެންނު އިޒޫ އުޅޭނީ، އެހެންމީހަކާއިއެކުއެއް ނޫނެންނު” ޝަދަފު ބުންޏެވެ.

ބެލްކަނީގައި ތިބެ ދެލޯބިވެރިން އެކަކު އަނެކަކުގެ ހިތަށް ތީރުތައް ފޮނުވަމުންދިޔައެވެ. މިރޭ ވެސް ނިދަން ދިޔައީ ދާހިތަކުން ނޫނެވެ. ދެން އެންމެ އަވަހަށް ފެންނާނޭ އިރެއްގެ އިންތިޒާރުގައި ތިބެއެވެ. އެނދުގައި އޮށޯންނަމަވެސް ދެމީހުން ކުރެ އެކަކަށް ވެސް ނިދޭގޮތެއް ނުވިއެވެ. ދެފަރާތަށް ފުރޮޅި ފުރޮޅި ތިބެވުނީއެވެ.

ރަންދޯދިތަކާއިއެކު ފެނުންމައްޗަށް އިރު ތޮޅިލިއިރު ޢިޒްވާ ހުރީ ކޮޅަށެވެ. އެހެން ހުކުރު ދުވަސްތަކާއި ޚިލާފަށް މިހުކުރުގައި ޢިޒްވާގެ މަސައްކަތްތައް މާކުރިން ފަށައިފިއެވެ. ވާނީ ވެސް އެހެންތާއެވެ. މިއަދު އޭނާގެ އިތުރު ޕްލޭނެއް އެބައޮތެވެ. އަވަދިނެތި އުޅުނެއްކަމަކު ދޭތެރެއަކުން ފޯނަށް ނަޒަރު ހިންގާލެވެއެވެ. ޝަދަފުގެ މެސެޖުތައް ފޯނަށް ލިބޭލެއް އެހާގިނައެވެ. އޭނާގެ މަތިން ޢިޒްވާ ހަނދާންނެތިދާނެތީ އުޅޭކަހަލައެވެ. ފަތިސް ނަމާދުކޮށްގެން މިއަދު ފަރުޝާ ނިދާލި ދުވަހެކެވެ. އޭނާއަށް ހޭލެވުނީ ދިހައެއްވެސް ޖަހާ ދިޔަފަހުންނެވެ. އެހެންވެ ޢިޒްވާގެ ހަރަކާތްތައް ހުރިގޮތެއް މާބޮޑަކަށް ފަރުޝާއަށް ފާހަގައެއް ނުކުރެވުނެވެ. ހުކުރުވަގުތު ޖެހެންވާއިރަށް ޢިޒްވާ މެންދުރަށް ކައްކާ ނިންމާލިއެވެ. ހުކުރަށް ދިއުމުގެ ކުރިން ޝަދަފު ދިޔައީ ޢިޒްވާއަށް ފެނިލާފައެވެ. އޭނާގެ އައު ޓީޝާޓާއި ޖީންސް ޢިޒްވާއަށް ދައްކާލީއެވެ.

* * * *

އަސްމަހާނު، އަމޯރާގެ ގާތުގައި މެންދުރުގެ ކެއުން ކާމޭޒުމައްޗަށް ނެރުމަށް އެންގުމާއިއެކު ކޮޓަރިއަށް އައިސް ފެންވަރާލައިގެން ނުކުތެވެ. ރީތިވާ މޭޒުކައިރީ އިނދެގެން ލޯގަނޑަށް ބަލަމުން އިސްތަށިގަނޑުގައި ބުރުސް އަޅަމުންދިޔައިރު އަސްމަހާނުގެ ސިކުނޑީގައިވަނީ ރީޝަމްގެ ޚިޔާލެވެ. އަދިވެސް ޝަދަފު ދެއްކި ވާހަކަތައް އެސިކުނޑީގައި ހަރުލާފައި ހުއްޓެވެ. ތުންފަތަށް ވެރިވި ހިނިތުންވުމާއިއެކު ރީތިވާ މޭޒުމަތީ އިސްތަށިގަނޑު އޮމާންކުރަން އިން ބުރުސް ބާއްވާލަމުން އެތަނުގައި އޮތް ފޯނު ނަގާ ޒަބާއަށް ގުޅާލިއެވެ.

“ހެލޯ، އަސްމާ، ކިހިނެއްވީ” ފޯނުން ވާހަކަދެއްކި ޒަބާގެ އަޑުގައި ހުރީ ހައިރާންކަމެވެ. ހުކުރުވަގުތުގައި އަސްމަހާނުގެ ކޯލެއް އައުމުންނެވެ. މިނޫނީ ދުވަހަކު ވެސް މިފަދަ ގަޑިއެއްގައި އަސްމަހާނު އޭނާއަށް ގުޅާފައި ނުވާތީއެވެ.

“ޒަބާ، އަހަންނަށް ހަމަ ނުހުރެވިގެން މިގުޅީ” ހިތްއަވަސްވެފައިހުރި އަސްމަހާނު ބުނެލިއެވެ.

“އަނެއްކާ ކިހިނެއްވީ، އުފާވެރި ޚަބަރެއްތަ، ނޫނީ މާޔޫސްވާންޖެހޭވަރުކަމަކާ ކުރިމަތިވީތަ” ޒަބާގެ އަޑު ބާރުވިއެވެ.

“ކޮބާތަ ރީޝް، އަހަންނަށް ހީވަނީ މިގޭކުއްޖަކަށް ރީޝްވާން ދެން މާގިނަދުވަހެއްނެއްހެން، އެނގޭތަ ރޭގައިވީކަމެއް” އަސްމަހާނު އޭނާ އާއި ޝަދަފާއި ދެމެދު ދެކެވުނު ވާހަކަތައް ޒަބާއަށް ކިޔައިދިނެވެ. އެއާއިއެކު އަސްމަހާނަށްވުރެ ޒަބާގެ އުފާވެރިކަން އިތުރުވެގެން ދިޔަކަހަލައެވެ. އޭނާ އިތުރަށް އަސްމަހާނުގެ ގާތުން ކަންކަން އޮޅުންފިލުވަން ބޭނުންވިއެވެ.

“އަހަންނަށް އެނގިފައެއްނޫން އޮތީ އެދެކުދިން މިއަދު ބޭރަށްދާން އުޅޭކަމެއް، ރީޝް ނުވެސް ބުނޭ، ހުރޭ، ނޭނގޭކަމަށް ހަދާލާފައި އަހާލާނަން، މިހާރު ވެސް ވެއްޖެ ކޮޓަރީގައި” ޒަބާ ބުންޏެވެ.

“ތަރަފް ގާތު ވެސް އަދި މިވާހަކަ ނުބުނެވޭ، އޭގެ ކުރިން ހިތަށްއެރީ ޒަބާ އާއިއޭ ޙިއްޞާކޮށްލާނީ” އަސްމަހާނު ހެވިލާފައި ބުންޏެވެ. އެއާއިއެކު ޒަބާ ވެސް ހީނލިއަޑުއިވުނެވެ.

ދަރިންގެ ގުޅުން ބަދަހިވަމުން ދާތީވެ އެކަމާ އަސްމަހާނާއި ޒަބާ ތިބީ ވަރަށް އުފަލުންނެވެ. އިތުރަށް ދެ ޢާއިލާ ގާތްވާން ފުރުޞަތު ހުޅުވިގެންދާނޭތީއެވެ. އަދި ރީޝަމް އާއި ޝަދަފު ގުޅުމަކީ އެމީހުން ދެކެމުން އައި ހުވަފެނަކަށްވާތީއެވެ.

* * * *

ގަދަ އަވިން މަގުތައް ދޮންކޮށްލާފައި ވެއެވެ. ހޫނު ގަދަވެފައި އަވީގެ ސަބަބުން ރަނގަޅަށް ލޯހުޅުވާލަން ވެސް އުނދަގުލެވެ. ރޭބަން އައިނުގައި ހުރި ޝަދަފުގެ ލޮލަށް އެއްވެސް އުނދަގުލެއް ނުވެއެވެ. އޭނާ ހުރީ މަގުގެ ކަންމަތީގައި މަޑުކޮށްލައިގެންނެވެ. ގިނައިރެއްނުވެ އޭނާގެ ގާތަށް އައީ ޢިޒްވާއެވެ. ނުދަންނަ ދެމީހުން ފަދައިން ހިނގައިގަތެވެ. ހުޅުމާލޭ ފެރީޓަރމިނަލްއަށް ވަދެވުމާއިއެކު ޢިޒްވާއަށް ހާސްވެފައިހުރި ގޮތަކަށް ޝަދަފަށް ބަލާލެވުނެވެ. ބައެއްފަހަރު އޭނަ ޝަދަފާއިއެކު އެކަނިވާން ޖެހިލުންވާހެން ހީވެއެވެ.

“ފެރީގަ ދޯ ދާނީ، އޭރުން މަޖާވާނީ” ޝަދަފު އޭނާގެ ޖީބުގައި އޮތް ވޮލެޓުނަގަމުން ބުންޏެވެ. ޢިޒްވާ ބުނާނޭ އެއްޗެއް ނޭނގިފައި ހުއްޓާ ޝަދަފު ކައުންޓަރު ދޮށަށް ކައިރިވެއްޖެއެވެ. އަދި ޓިކެޓު ނަގައިގެން އައިސް ޢިޒްވާގެ އަތުގައި ހިފާލަމުން އެތެރެއަށް ވަނުމަށް ދިޔައެވެ. ޢިޒްވާއަށް ވަށައިގެން ހޯދެނީއެވެ. އޭނާއަށް ހީވަނީ އެތަނުގައި ދެންތިބި ހުރިހާ އެންމެން ބަލަމުން އެދަނީ އޭނާއަށް ކަމުގައެވެ. ޝަދަފުގެ އަތުތެރޭން އަތްދަމައިގެންނާކަށް ވެސް ނުކެރުނެވެ. ފިނިވެފައި ހުރެ އައިސް ގޮނޑިތަކުގައި އިށީނެވެ.

އެއްޗެއް ބުނަންނުކެރިފައި ހުއްޓެކަމަކު ޢިޒްވާގެ ހިތުގެ ހިނގުން އާދަޔާއި ޚިލާފަށް އަވަސްވެގެން ދިޔައީ ފެރީއަށް އަރާ ޝަދަފު އިށީންގޮތުންނެވެ. އޭނާގެ ފައިގައި ޢީޒްވާގެ ފައި ޖެހިލާކޮންމެ ފަހަރަކު ހީވަނީ ޢިޒްވާގެ ގަޔަށް ތޫނު އެއްޗެއް މީހަކު ހަރާލާހެންނެވެ. މީހުން އަރާ ފުރިފައި އޮތް ފެރީގައި ޝަދަފު އިނީ ހިތްހަމަޖެހިލާފައެވެ. ޢިޒްވާ އާއިއެހާ ގާތުގައި އިނދެވުމުން އޭނާ އިނީ ވަކިން ބޮޑަށް ހަމަޖެހިލާފައެވެ. ޢިޒްވާ އުނދަގޫވެގެން އުޅޭކަން ފާހަގަކުރެވުމުން ވެސް ޝަދަފު ދުރަށްޖެހިލާކަށް ބޭނުމެއްނުވިއެވެ. އަނެއްކޮޅުން އިށީނދެގެން ތިބި ގޮނޑީގައި ޖާހަގަ ވެސް ނެތީއެވެ. ޝަދަފު އެއްއަތްނަގާ ގޮނޑީގައި އަޅުވާލަމުން ޢިޒްވާގެ ކޮނޑުގައި ހިފާލިއެވެ. އަދި މަޑުމަޑުން ގަޔާކައިރިކޮށްލިއެވެ.

“ދެން ޝަދަފު، ކިހިނެއްތަ ތިއުޅެނީ، ފެރީގައި ތިބިހައި މީހުން ބަލާބަލަ” ޢިޒްވާ ވައިއަޑުން ޝަދަފުގެ ކަންފަތްދޮށުގައި ބުނެލިއެވެ.

“މިގޮތަށް ގާތުގައި ހުންނާނޭ އިރަކަށް އަހަރެން ހާދަ އިންތިޒާރެއް ކޮށްފީމޭ، އެހެންމީހުން ނޫޅޭ އަހަރުމެން އުޅޭގޮތެއް ބަލާކަށް، އިޒޫ މާދުރުދުރުން އުޅެން ތިއުޅެނީ، ޑަރލިންގ، ޔޫ އަރ މައި ލަވް، އެހެންވީމަ ކީއްވެ ދުރުގައި އުޅެންވީ” ޝަދަފުބުންޏެވެ.

އެއްވެސް އެއްޗެއް ނުބުނެ ހިމޭނުން އިން ޢިޒްވާ އުނދަގޫގޮތަކަށް އިނެވެ. ފެރީ ހުޅުމާލޭތޮއްޓާއި ކައިރިކުރުމާއިއެކު އިންތަނުން އޭނާ ތެދުވިއެވެ. އަދި މީހުންގަނޑުގެތެރެއިން ފެރީއިން ފައިބަން ހިނގައިގަތެވެ. އެހިނދު ކުއްލިއަކަށް ތެދުވިގޮތަށް ޝަދަފު، ޢިޒްވާގެ އަތުގައި ހިފާ ދަމައިގަތެވެ. އޭނާ އަރިއަޅާލަމުން އައިސް ތަތްވީ ޝަދަފުގެ މޭގައެވެ. ވަގުތުން ލަދުންގޮސް މޫނުމަތި ރަތްވެގެންދިޔަތަން ޢިޒްވާގެ މޫނުން ފެނުނެވެ. އިތުރަށް ހަރަކާތެއް ގެންނަން ނުކެރިފައި ހުރި ޢިޒްވާ، ޝަދަފުގެ އަތުގައި ހިފައިގެން ހުރެ ފެރީން ފޭބިއެވެ.

ފެރީން ފައިބައިގެން ކުރިއަށް ދަމުން ޝަދަފު އޭނާގެ ޖިންސުގެ ޖިބުން ތަޅިފައްޗެއް ނެގިއެވެ. އަދި ފޯނު ނަގާ މީހަކަށް ގުޅާލިއެވެ. މާގިނަ ވާހަކައެއްނުދައްކާ ފޯނުކޯލު ކަނޑާލުމާއިއެކު ކުރިމަތިން ފެންނަންއޮތް ޕާކިން ޒީނާއި ދިމާލަށް ޝަދަފު ދިޔައެވެ. އޭނާގެ އަތުގައި ހިފާލައިގެން ހުރެ ޢިޒްވާ ވެސް ކުރިއަށް ދިޔައެވެ.

“ހެލޯ…” ކުއްލިއަކަށް ޝަދަފު މީހަކަށް އަތްހޫރާލިއެވެ.

“ޑިފީ ދޯ، މިތާ ކާރު ޕާކުކޮށްލައިގެން މިހުންނަނީ ހަވާލުވީމާ ނޫނީ ނުދާންވެގެން، ބޮސް އޮތީ ބުނެފައި ޑިފީ ކާރު ގެންދިޔައިމާ ނޫނީ ނާންނައްޗޭ” އިސްމާޢީލް ބުނެލިއެވެ.

“އެހެންތަ، ކޮބާ ލީވާން” ޝަދަފު އެމީހާ އާއި ސުވާލުކުރިއެވެ. އިސްމާޢީލަކީ ހައިކަލް ގާތު މަސައްކަތްކުރާ މުވައްޒަފެކެވެ. ޝަދަފުގެ ކާރު ތައްޔާރުކޮށްގެ ގެނެސްދޭން އެދިފައިވުމުން ލީވަން އާއި ހައިކަލް އެކަން ހަވާލުކުރީ އިސްމާޢީލާއެވެ.

“މިއަދު އައު ޝިޕްމެންޓެއް އައިސްގެން އުޅެނީ، ކުޑަކޮށް ބިޒީވީމާ އަޅުގަނޑު ފޮނުވީ” އިސްމާޢީލް ބުންޏެވެ.

“ދެން އޯކޭ ދިޔަޔަސް، އަހަރެން މާލެ ދަމުން ގުޅާލާނަން ލީވާނަށް” ޝަދަފު މިހެންބުނެ އޭނާގެ އަތުގައި އޮތް ތަޅުދަނޑިން ކާރުގެ ލޮކު ހުޅުވާލިއެވެ. ޢިޒްވާ ހުރީ އަނގައިން ބުނަން ނޭނގިފައެވެ. ޝަދަފުގެ އެސުފަ މީގެ ކުރިން އޭނާއަކަށް ނުފެނެއެވެ. މުއްސަނދިކަމަކީ ޝަދަފު އޭނާއަށް ދައްކައިފައިނުވާ ކުލަތަކެކެވެ. އަބަދުވެސް މަސައްކަތްކުރަނީ އާދައިގެ ގޮތަކަށް އުޅޭކަން ޢިޒްވާއަށް ދެއްކުމަށެވެ. އޭގެ އިތުރުން ހައިރާންކަން ވެރިވެގެންދިޔައީ އެމީހާ ޝަދަފަށް ކުރާ ޤަދަރު ފެނުމާއިއެކު މުހާތަބުކުރި ނަމުންނެވެ.

“އާދޭ ލަވް، އަރާ ކާރަށް” ޝަދަފް ވަރަށް ލޯތްބާއިއެކު ކާރުގެ ދޮރުފަތް ހުޅުވާލަމުން ބުންޏެވެ.

“މީ ކާކެ ކާރެއް، ޝަދަފަށް އެނގޭތަ ކާރުދުއްވަން” ޢިޒްވާ އާއި ޖެހިގެން އިން ސީޓުގައި ޝަދަފު އިށީނދެ ކާރުގެ ދޮރުފަތްލައްޕާލުމުން ޢިޒްވާ ސުވާލުކުރިއެވެ.

“އަހަންނަށް ލައިސެންސް ލިބުމުން އެންމެ ފުރަތަމަ ވެސް ބޭނުންވީ އިޒޫ ގޮވައިގެން ދުއްވާލަން ދާން، މީ އަހަންނަށް ލިބުނު ބާތްޑޭ ގިފްޓެއް، ސަޅި ދޯ” ޝަދަފު ފޮނިގޮތަކަށް މިހެންބުނެ ކާރު އިސްޓާޓުކޮށްލިއެވެ.

ހުޅުމާލޭގެ މަގުތަކުގައި ޝަދަފުގެ ކާރުގައި ބުރުޖަހަމުން ދިޔައިރު ޢިޒްވާގެ ނަޒަރު ހުރީ ކާރުގެ ދޮރުފަތުގެ ބިއްލޫރިގަނޑުން ބޭރަށް ހުއްޓިފައެވެ. ނަމަވެސް އޭނާގެ ސަމާލުކަން ދެވިފައިވަނީ ކާރުގައި ޝަދަފު ޖަހަމުންގެންދާ އިނގިރޭސި ލަވަތަކަށެވެ. އެލަވަތަކުގައި ކިޔަމުންދާ ލަފުޒުތަކުގެ މާނައަށެވެ. ޖަހަމުންދިޔައީ ހުސްވެސް ލޯބީގެ ލަވަތައްވިއްޔާއެވެ. ހިމޭންކަން ވެރިވެފައި އޮތުމަށްފަހު ޢިޒްވާއަށް ޝަދަފަށް ބަލާލެވުނީ ކާރުގެ ދުވެލި ހުއްޓުމަކަށް އައުމުންނެވެ. ފުޅާބޮޑުމަގެއްގެ އެއްފަރާތުގައި ކާރު ޕާކުކޮށްލަމުން ޝަދަފު ކާރުން ފޭބިއެވެ. އަދި ކާރުގެ ކުރީ ސީޓު ކުރިއަށްވާގޮތަށް ޖައްސާލުމަށްފަހު ފަހަތު ސީޓުގެ މައްޗަށް އެއްލާފައި އޮތް ދަބަސްނެގިއެވެ. ޢިޒްވާ އިނީ މިވަނީ ކިހިނެއްކަން ނޭނގިފައެވެ. ޝަދަފުގެ ސިކުނޑިގައިވަނީ ކީކޭކަން ޢިޒްވާއަށް ކުޑަކޮށް ވެސް ދެނެގަންނާކަށް ނޭނގެއެވެ. އެހެންއިންދާ ޝަދަފު އަނެއްކާ ވެސް ކާރަށް އަރާ އިށީނެވެ. އަދި އަތުގައި އޮތް ދަބަސް ހުޅުވާލުމާއިއެކު އޭގެތެރެއިން ގަދަރަތްކުލައިގެ ކޮނޑުކެނޑިއެއް ނެގުމަށްފަހު ލައިގެން ހުރި ޓީޝާޓު ބާލާފައި އަތުގައި އޮތް ކޮނޑުކެނޑި ގަޔަށް ހެޔޮވަރުކޮށްލައިފިއެވެ.

“ޝަދަފު…” ވާނުވާނޭނގިފައި އިން ޢިޒްވާއަށް އަނެއްފަރާތަށް އެނބުރިލަމުން ބުނެލިއެވެ.

“ކިހިނެއްވީ” ޝަދަފްއަށް އެއްވެސް ކަމެއްވިހެން ހީވެސް ނުވެއެވެ.

“ތީކޮންކަމެއް، އެއްޗެހި ބަދަލުކުރަނީ ކީއްކުރަން” ޢިޒްވާ ހާސްވެފައި އިންފަދަ ގޮތަކަށް އަހާލިއެވެ.

“މިހާ ހުދު ބޮޑު ޓީޝާޓެއް ލައިގެން އުޅެނިކޮށް ކޮންމެވެސް އެއްޗެއް ޖެހިފައި އޮއްވާ ފެންނާނީ، މިއަދު އިޒޫ ބުނީމެންނު މިޓީޝާޓު އަހަންނާ ވަރަށް ގުޅެއޭ، ވަރަށް ރީއްޗޭ، އަހަރެން ބޭނުމެއްނޫން އެއްފަހަރު ލާފައި މިޓީޝާޓު އެއްލާލާކަށް، އޭރުން މިޓީޝާޓު ލާ ކޮންމެ ފަހަރަކު ހަނދާންވާނީ އިޒޫ މަތިން، އެހެންވެ ރެޑީވެލައިގެން މިކޮޅަށް މިއައީ، މިކޮޅަށް އައިއިރު އަހަރެން މިކަހަލަ ޓޭންކް ޝާޓެއް ލައިގެން ހުރިނަމަ އިޒޫއަށް ކަމުނުދާނެކަން އަހަންނަށް އެނގޭ، ނޫންތަ؟” ޝަދަފު ފަހަތަށް އެނބުރިލާފައި އޭނާ ބޭލި ޓީޝާޓޫ ސީޓުގައި ރީތިކޮށް އަޅުވާލަމުން ބުންޏެވެ. އޭނާ ދެއްކި ވާހަކަ އާއިމެދު ޢިޒްވާ ވިސްނަން އިނެވެ. އެހެންއިންދާ ޝަދަފު ކާރުން ފޭބުމާއިއެކު ދަބަސް ހިފައިގެން އައިސް ޢިޒްވާ ފޭބުމަށް އޭނާ އިންފަރާތުގެ ދޮރުފަތް ހުޅުވާލަ ދިނެވެ.

ޝަދަފުގެ ކޮނޑާއިއެކު އޭނާގެ އަތުގެ ބޮޑުބައެއް އޮތީ ހާމައަށެވެ. ޢާންމުކޮށް ޝަދަފު ފެންނަގޮތާއި އޭނާ ލައިގެންހުރި ކޮނޑުކެނޑީގައި ފެންނަލެއް ވަރަށް ތަފާތެވެ. ދޮންހަށިގަނޑާއި ނިތްކުރިމައްޗަށް ވެރިވެފައި ހުރި ފަންއިސްތަށިތަކުން ޢިޒްވާގެ ހިތަށް އަސަރުތަކެއް ކުރުވަމުންދިޔައެވެ. ޝަދަފުގެ އުޅުމުގައި ރާއްޖޭގެ ގޮތްގަނޑު ވަރަށް ކުޑައެވެ. އޭނާ މާބޮޑަށް އެހެން މީހުންނަށް ފެނިދާނޭތީ ލަދަކުންނެއް ނޫޅެއެވެ. ކާރުން ޢިޒްވާ ފޭބުމާއިއެކު ކުރިއަށް އިޝާރާތްކޮށްލަމުން ދާންވީ މިސްރާބު ޝަދަފު ދައްކާލިއެވެ.

“މިތަނުން ސަންސެޓު ވަރަށް ސަޅިކޮށް ފެންނާނެ، އައި ޖަސްޓް ވޯންޓެޑް ސީ އިޓް ވިތް ޔޫ” ޝަދަފު، ޢިޒްވާ އާއި ދިމާލަށް ކުޑަކޮށް އެނބުރިލައިގެން ހުރެ ކުރިއަށް ހިނގަމުން ބުނެލިއެވެ.

“ޝަދަފު ކުރިން ވެސް އައިން ދޯ މިތަނަށް” ޢިޒްވާ އަހާލިއެވެ.

“ހޫމް، އެކަމަކު އެކަނި އައީ، ލައިސަންސް ނަގަންވެގެން ފުރަތަމަ ކާރު ދުއްވަން ޕްރެކްޓިސް ކުރީ މިކޮޅުގައި، އޭގެ ފަހުގައި މާލޭގައި ދުއްވަންފެށީ، ބައްޕަ ބުނުއްވި ކާރު މާލެއަށް ގެންދިއުމަށް ވެސް، އޭރުން އަހަންނަށް އިޒޫ ގޮވައިގެން މިކޮޅުގައި ދުއްވައެއް ނުލެވުނީހެންނު ދޯ، އެހެންވެ އަސްލު ކާރު މިކޮޅުގައި ބާއްވާފައި މިއޮންނަނީ، އަހަންނަށް މިތަން ވަރަށް ކަމުދޭ، ކިހާ ހިތްފަސޭހަ ދޯ” ޝަދަފު ހިނިއައިސްފައި ހުރެ ވާހަކަދެއްކިއެވެ.

“ޝަދަފުގެ ހަޔާތަށް ކިތައް އަންހެން ކުދިން އަތުވެއްޖެ” ފިޔަވަޅަށް ބަލަމުން ކަހަލަ ގޮތަކަށް ކުރިއަށް ހިނގަމުން ދިޔަ ޢިޒްވާ އަހާލިއެވެ.

“އިޒޫ އަހަރެންގެ ފުރަތަމަ އޭ ބުނެފިއްޔާ ޤަބޫލު ކުރާނަންތަ” ދަބަސް ކޮނޑުގައި އަޅުވާލުމާއިއެކު ޝަދަފު މިހެން ބުނެ ޖިންސުގެ ދެޖީބަށް އަތްޖަހާލިއެވެ.

“ޝަދަފު ކަހަލަ ޒުވާނަކަށް އަންހެން ކުދިން ނުލިބި ހުރެދާނެއޭ ހީނުވަނީ، ޔޫ އަރ ސްމާރޓް އެންޑް ވެރީ ހެންޑްސަމް…” ޢިޒްވާ، ޝަދަފަށް ބަލާލިއެވެ. އެއާއިއެކު ޝަދަފުގެ ނަޒަރު ވެސް ޢިޒްވާއަށް ހުއްޓިގެން ހިނގައްޖެއެވެ.

“އިޒޫ ވެސް އަހަންނަށް ވަރަށް ކަމުދޭ، ވަރަށް ރީތި” ޝަދަފު މަޑުމަޑުން ޢިޒްވާގެ އިސްތަށިގަނޑުން ކޮނޑުމައްޗަށް ވެއްޓިފައި އޮތް ބައި ފަހަތަށް ޖައްސާލިއެވެ. އަދި ކުޑަކޮށް ޢިޒްވާ އާއި ގާތަށް ޖެހިލިއެވެ.

އުސްފަސްގަނޑެއްގެ މައްޗަށް ޢިޒްވާ ގޮވައިގެން ޝަދަފު އެރުމަށްފަހު އެތަނުގައި އޭނާގެ ދަބަހުން ނެގި ބޮޑު ތުވާލިގަނޑެއް ފަތުރާލާފައި އޭގެ މަތީ އިށީނދެއްޖެއެވެ. ފެންނަހިސާބުގައި މީހެއްގެ ހިލަމެއް ވެސް ނުވެއެވެ. އެދެމީހުން ފިޔަވައި އެވަގުތު އެތަނުގައި އެކަކު ވެސް ނެތީއެވެ. ޝަދަފު އެވަރު ބަލައިގެން ބާއޭ އެތަނަށް އައީ ޢިޒްވާގެ ހިތަށް އެރިއެވެ. އޭނާ ހަމަޖެހިލުމުން ޝަދަފު، ޢިޒްވާ އާއި ގާތަށް ޖެހިލާފައި ފަތަށް ދެއަތް ވިއްދާލައިގެން ކުރިމަތިން ފެންނަމުންދާ މަންޒަރަށް ބަލަހައްޓައިގެން އިނެވެ.

“އިޒޫ ހާ ފުރިހަމަ، ވަރަށް ހިތްހަމަޖެހިއްޖެ އިޒޫ އާއިއެކު މިފަދަ މަންޒަރެއް ބަލާލާނެ ފުރުޞަތު ލިބުނީތީ” ޝަދަފުގެ އަޑަށް ބަދަލުތަކެއް އަތުވެއްޖެކަން ޢިޒްވާއަށް ފާހަގަކުރެވުނެވެ. ހަމައެއާއިއެކު ޢިޒްވާއަށް ވެސް ބަދަލުތަކެއް އަންނަމުންދިޔައެވެ. ޝަދަފު އެހާގާތުގައި އިނުމުންނެވެ. އޭނާ ޖަހާފައި ހުރި ސެންޓުގެ މީރުވަހުން އެކަނި ވެސް ޢިޒްވާގެ ޙިއްޞުތައް އިތުރަށް ހޭލައްވާލިކަހަލައެވެ. މަޑުމަޑުން އިނދެގެން ޝަދަފަށް ބެލޭވަރު ގިނަކަން ޚުދު އޭނާއަށް ވެސް ފާހަގަކުރެވުނެވެ. ނަމަވެސް އޭނާގެ އެއްވެސް ހަރަކާތެއް ހުއްޓުމަކަށް ގެނައުމުގެ ބާރު ސިކުނޑީގައި ނެތްފަދައެވެ.

“އިޒޫ އަހަންނާއިމެދު ހިތްހަމަޖެހޭތަ” ޝަދަފު އެނބުރިލަމުން ކުރިއަށްވުރެ ވެސް ޢިޒްވާ އާއި ގާތްވެލާފަދަ ގޮތަކަށް އަހާލިއެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *