( ހީވޭ ކަލާ ވާހެން، މި ވާހަކައަކީ 8 މެއި 2016 އިން 29 ޑިސެމްބަރ 2017 އަށް ޖުމްލަ 89 އެޕިސޮޑްގެ ގޮތުގައި ވީނިއުސްގައި ޝާއިރު ކުރެވުނު ވާހަކައެއް. )
އެއްފަރާތެއްގައި ހުރި ފާޚާނާއާ ހަމައަށް ނުދެވެނީސް ގަޔަށް ކުޑަކަމުދެވިއްޖެއެވެ. ބަނޑަށް ވަރަށް ބޮޑަށް ލުއިވެގެން ދިޔަކަން އިހުސާސް ކުރެވުނެވެ. ފުންނޭވާއެއް ލެވުނީ އެހެންވެއެވެ. ހޭންޑް ޝަވަރު ނަގާ ފާޚާނާ ތެރެއަށް ފެންޖަހާލަން އުޅުނު ވަގުތު ޔަލާއަށް އިތުރު ސިހުމެއް ލިބިގެން ދިޔައީ ތަޅުންމަތީ ފެނާ އެކުވެގެންދާ ލޭގެ ރޮނގުތަކުންނެވެ. ރަނގަޅަށް ބެލިއިރު ލޭފައިބަމުން ދިޔައީ އޭނާގެ ކުރިމަތިފަރާތުންނެވެ. ކަންބޮޑުވެ ހާސްވެފައި ހުރެ ފެނުން ދޮންނަމުން ދިޔައެވެ. އެތައް ވަރަކަށް ދޮވެފައި ފާޚާނާގައި ނުހުންނަން ވެގެން އަވަހަށް ގައިގާ ތުވާލި އޮޅާލާގެން ޔަލާ ނުކުތެވެ.
ފާޚާނާގެ ދޮރު ހުޅުވާލާފައި ނުކުމެ ދޮރުމަތީ އޮތް މަޑުމަޑު ފައިފުހީގައި ޔަލާގެ ފައިޖައްސާލުމާއެކު ހަށިގަނޑު ތޮރުފާލާހާ ފިނިކަމެއް އިހުސާސް ކުރެވިގެންދިޔައެވެ. ފަހަތުން ފާޚާނާގެ ދޮރު ލައްޕާލުމާއެކު ނިދާ ބޮކީގެ އަލިން ކޮޓަރި އަލިނުވާތީ ހުދުއަލީގެ ބޮކި ދިއްލިއެވެ. އަދި ނިކަން އަވަހަށް އޭސީގެ ފިނި މަޑުކޮށް ލުހާގެ އަލަމާރިން ޓީޝާޓެއް ނަގައި ގަޔަށް މަހާލިއެވެ. އަދި މައްސަރުކަންތައް ޖެހުނީއޭ ހިތާ އެކަމަށް ވެސް ޔަލާ ފިޔަވަޅުއެޅިއެވެ. ރީތިވާ މޭޒުކައިރީ އިނދެ ބޮލުގައި ފުނާ އަޅަމުން ދިޔަ ޔަލާއަށް ވަރުބަލިކަން އިހުސާސްކުރެވެމުންދިޔައެވެ. ފެންވަރާލުމުން ލިބުނު ލޮޑުކަމެއްކަމުގައި ހީކޮށް ޔަލާ އައިސް އެނދުގައި އޮށޯވެލިއެވެ. އޭރު ވެސް ލުހާ އޮތީ ގަދަ ނިދީގައެވެ. އެނދުގައި އޮވެ އޮވެ ނުނިދިގެން އަރިމަތީމޭޒުގައި ބާއްވާފައި އޮތް ފޯނު ނަގާ ބަލާލިއެވެ. މެންދަމުން އަލިވެ ތިނެއްޖަހާ ދިޔައީއެވެ. ނިދާލަން ބޭނުންވި ނަމަވެސް ޔަލާއަށް ނިދޭގޮތެއް ނުވިއެވެ. ދެއަތަށް ފުރޮޅި ފުރޮޅި އޮވެވުނީއެވެ.
“ޒާލް ކޮބާބާ؟ ނިދާފައި ކަންނޭނގެ އޮންނާނީ… ޒާލް އަންނާނެނަމަ… އަޔަސް މިކޮޓަރީގައި އޮތީމާ ކިހިނެއް އެނގޭނީ…” ނުނިދިފައި އޮންނަން ފެށުމުން ޔަލާގެ ސިކުނޑީގައި އެނބުރެން ފެށީ ޒަލަފްގެ ޚިޔާލެވެ.
* * * *
މަޑުމަޑުން ދެ ލޯ ހުޅުވާލެވުނު އިރު ޒަލަފްއަށް ހީވީ ބަންދުވެފައިވާ ހޮހޮޅައެއްގެ ތެރޭގައި އޭނާއަށް އޮވެވުނު ހެނެވެ. އެހެންނަމަވެސް ނޭފަތުގައި ޖެހުނީ އާންމުކޮށް ރަޚަބްމެން ބޭނުންކޮށް އުޅޭ ތެލެއްގެ ވަހެވެ. އަނދިރިކަމުން ތަނެއްދޮރެއް ނުފެނެއެވެ. ހިރިލަން މަސައްކަތްކުރުމާއެކު ޒަލަފްއަށް އިވިގެން ދިޔައީ ހިލިހިލާގެ އަޑެވެ. އޭނާގެ ދެފައިގައި ވަނީ ހިލިހިލާ ޖަހާފައެވެ. އިނދެވުނީ މަޑު ތަންމައްޗެއްގައެވެ. ފަރާތް ފަރާތަށް އަތް ގެންދަނިކޮށް އުޅަންބޮށިކޮޅު ގޮސް ހަރުތަނެއްގައި ޖެހުނެވެ. ވީ ތަދުން ނިކަން އަވަހަށް އަތުގައި ފިރުމާލެވުނެވެ. އަދި އެއީ ކޮން ހަރު ތަނެއްތޯ ބެލުމަށް އަތް ހާކާން ފެށުމުން އެނގުނީ އެއީ ފާރެއްކަމެވެ. މީހެއްގެ ހިލަމެއް ވަންދެން ޒަލަފް އެ ފާރުގައި ބުރަކަށި ޖައްސާލައިގެން ކުރުކޮށްލެވިފައިވާ ދެފައިގެ ކަކުލުގައި ދެއަތް އަޅުވާލައިގެން އިނެވެ.
ޒަލަފްއަށްޓަކައި އެ އަނދިރިކަމުގެ ތެރޭ ވަގުތު ހުއްޓިފައި ވާ ކަހަލައެވެ. ދޭތެރެއަކުން ކަނދުރާއަށް އަރާމެއް ދިނުމަށް ބޮލުގެ ފުއްކިބަ ފާރުގައި ޖައްސާލައެވެ. އެހެން އިނދެ ދެ ލޯ މަރާލައިގެން އިނދެ ޔަލާގެ ޚިޔާލު ކުރެއެވެ. ކޮންމެ ފަދަ ހާލެއްގައި އޭނާ ވިޔަސް ޔަލާއަކީ އޭނާގެ ހިތުގެ ހަމަޖެހުމެވެ. ނަފްސަށް ލިބޭނޭ ފިނިކަމެވެ. ހަމައެއާއެކު އެ ޚިޔާލުތަކަށް ހުރަސް އަޅަމުން ދިޔައީ ރަޚަބްމެންގެ އަނިޔާވެރި މަންޒަރުތަކެވެ. އަރީޝާގެ ރުއިމުގެ އަޑު އިވުނެއްކަމަކު އޭނާއަށް ވީގޮތެއް ޒަލަފްއަށް އެއްގޮތަކަށް ވެސް ނޭނގެއެވެ. ހީވީ އެސްފިޔަ ޖަހާލާހާ މަދު ސުކުންތުކޮޅެއްގެ ތެރޭގައި ހުރިހާ ކަމެއް ވެ ނިމިގެން ދިޔަ ހެނެވެ.
ތޫލި އަޑަކާއެކު ބަރު ދޮރެއް ހުޅުވިގެން ދިޔައެވެ. ލޯމަރާލައިގެން އިން ޒަލަފް ވަގުތުން ދެ ލޯ ހުޅުވާ ބަލާލިއެވެ. ހުޅުވެމުން ދިޔަ ދޮރުން ފަނޑުއަލިކަމެއް ފެނިގެންދިޔައެވެ. ދޮރުމަތީ ހުރި ބިޔަ ބޮޑު މީހެކެވެ. އޭނާގެ އަތުގައި ދެ ބިގަރު އޮތެވެ. އެ ހިފައިގެން ވަދެ ދެ ފަރާތުގައި އަޅުވާލިއެވެ. އެއާއެކު މުޅިތަން އަލިވެ ތަންދޮރު ފެންނަވަރު ވިއެވެ. ވަށައިގެންވަނީ ބޯފާރެވެ. ކުރިމަތީގައި ހުރި ބޮޑު ދޮރު ފިޔަވައި އެތަނަށް ވަދެނުކުމެވާނޭ ތަނެއް ނެތެވެ. ދެ ފަރާތު ފާރުގައި ހުރި ދަގަނޑު ބުޅިގަނޑުގައި ބިގަރު އަޅުވާފައި ޒަލަފްއާ ދިމާއަށް ރަޚަބް ބަލާލިއެވެ.
“ތި ހާލުގައި ޒަލަފް ވާތަން ދުށުމަށް އަހަންނަށް ކެތެއްނުވޭ…” ރަޚަބްއަށް އެއްޗެއް ބުނެވުމާއެކު ޒަލަފް ނުރުހުން ފައުޅުކުރާން ފެށިއެވެ.
“އަހަރެން ހެއްލޭނޭކަމަށް ބޭކާރު ވާހަކަ ދައްކާނެކަމެއްނެތް… ދުވަހަކު ވެސް ދަރިއަކުދެކެ ލޯބިވާ ބަފަޔަކު ކަންތައް ނުކުރާނޭހެން މިއަދު ކަލޭ އަހަންނާ މެދު ކަންތައް ތި ކުރީ… އަހަރެން ކަލޭމެންނަށް ދިނީ ކޮން ގެއްލުމެއް… ކަލޭމެންގެ ތެރޭގައި އުޅޭން ބޭނުންނުވުމަކީ އަހަރެން އަމިއްލައަށް ނިންމި ނިންމުމެއް… އެ ނިންމުން ނިންމުމުގެ އިޚުތިޔާރު އަހަންނަށް ލިބިގެންވޭ… މީ އަޅުވެތިކުރުން… ގަދަކަމުން އަހަރެންލައްވާ ކަލޭމެން ރުހޭގޮތަށް ކަންތައް ކުރާން ތި އުޅެނީ… އަހަންނާއި ބެހެމަތްގެ ކައިވެނި ކުރުވިޔަސް ބެހެމަތް އުފަލުގައި ނުހުންނާނޭކަން ހަނދާންކުރާތި… އޭނާއަށް އަހަރެންގެ ފަރާތުން ދުވަހަކުވެސް ހިތްހަމަނުޖެހުމެއް ނުލިބޭނެ…”
“ތިހާ ބޯހަރުނުވެބަލަ… ޒަލަފްއަށް އަދިވެސް އެއްޗެއް ނުވިސްނޭތަ…” ރަޚަބްގެ މޫނުމަތިން މާޔޫސްކަން ފައުޅުވޭވޭ ހުއްޓެވެ.
“އަހަރެންގެ މަންމަދެކެ ރަޚަބް ލޯބިވީ ފިނޑިއަކުހެން… އެހެންނޫންނަމަ…” ރަޚަބް ކުއްލިއަކަށް ޒަލަފްގެ ވާހަކަ ހުއްޓުވިއެވެ. ނިކަން ބޮޑަށް ނުރުހުން ވެފައި ހުރެއެވެ.
“ޒަލަފްއަށް ނޭނގޭ ކަންތައްތަކުގެ ވާހަކަ ނުދައްކާ… އަރީޝާމެން އަހަރެން ނައްތާލަން ކުރިހާ މަސައްކަތެއް ޒަލަފްއަކަށް ނޭނގޭނެ.. އަހަރެން މިއަދު ބޭނުންވަނީ އަހަރެންގެ ދަރިފުޅު… އަހަރެން އެ މީހުންނާ މެދު ހަމްދަރުދީ ވާކަށް ނުޖެހޭނެ… އަހަރެން އޭނާއަށްޓަކައި ޤުރުބާންވީވަރު އެނގޭނީ އަހަންނަށް… އެއިން އެއްވެސް ކަމެއް އަރީޝާ ނުދަނޭ… އޭނާ ބަލައިނުވެސް ގަންނާނެ… މިއިން އެއްވެސް ކަމަކީ ޒަލަފްއަށް އެނގޭނޭ ކަމެއްނޫން… އެހެންވީމަ ތި އަނގަ މައިތިރިކުރޭ… އަހަރެންގެ ޢަމަލުތައް ހަރުކަށި ކުރާން މަސައްކަތް ނުކުރޭ… އިރުކޮޅަކުން ކާން ގެންނާނެ… ބޭނުން ނުވިޔަސް ކާން ޖެހޭނީ… އެހެންނޫނީ އަހަރުމެންނަށް ޒަލަފް ގެނެވުނު ފަދައިން އެހެންކަންތައްތައް ވެސް ކުރާނޭ ގޮތް އެނގޭ” ރަޚަބް ބުނަން ބޭނުންވި އެއްޗެއް ބުނެފައި އެ ބަންދު ކޮޓަރިތެރެއިން ނުކުމެގެން ދިޔައެވެ. ލެއްޕިގެން ދިޔަ ދޮރާއެކު ބޭރުން އެ ދޮރު ތަޅުލި އަޑު ޒަލަފްއަށް އިވުނެވެ. މާޔޫސްކަމުގެ ނޭވާއެއް ބޭރުކޮށްލުމާއެކު އޭނާ އިސްޖަހާލިއެވެ.
ރަޚަބް ބުނިފަދައިން ޒަލަފްއަށް ކާން ހިފައިގެން އެ މީހުންގެ ތެރޭގައި އުޅޭ ފިރިހެން ޚާދިމަކު އައެވެ. ޒަލަފްގެ ގާތުގައި ކާއެއްޗެހި އަޅާފައިވާ ތަބަށް ބެހެއްޓުމާއެކު އޭނާ އެނބުރި ހިނގައްޖެއެވެ. އެތައް އިރަކު އެތަކެތީގައި އަތްނުލާން ޒަލަފް އިނެވެ. އެހެންނަމަވެސް ބަނޑުހައިހޫނުކަމުގައި އިނދެގެން އޭނާގެ ހަށިގަނޑުގެ ހަކަތަ ވެސް ނެތޭނީކަން ވިސްނި ތަބަށް ކައިރިއަށް ދަމާލާފައި ކާންފެށިއެވެ.
ލުހާއަށް ހޭލެވުނުއިރު ޔަލާ ކޮޓަރިއަކު ނެތެވެ. އޭނާ ތެދުވެ އަވަސްއަވަހަށް ކޮޓަރި ދޮރު ހުޅުވާލި އިރު ސޯފާގައި ޓީވީ ބަލަން ޔަލާ އޮތެވެ. އާފުރިލުމާއެކު މޫނުގައި ދެއަތް ހާކާލާފައި ސޯފާގެ ކައިރިއަށް ލުހާ އައެވެ.
“ކިހާ އިރެއްވެގެން އެ އުޅެނީ… ކިހިނެއްވީ ހެދުން ބަދަލުކުރީ…” ލުހާގެ އަޑުއައި ދިމާއަށް ޔަލާ ބަލާލިއެވެ.
“ސިކްސް ތާޓީވަނީ ކަންނޭނގެ… ފަތިސް ނަމާދަށް ވެސް ނުތެދުވެއެއްނު ތި ހުރީ… މަންމަ އައި ލުހާއަށް ގޮވަން” ޔަލާ ބުނެލިއެވެ.
“ރޭގަ މާ ޓަޔަޑް ވީ ކަންނޭނގެ… ނިދުނުގޮތަށް ހޭވެސް ނުލެވުނު…” ލުހާއަށް ހަމައެކަނި އެނގެނީ އޭނާއަށް އެހެންޏާ ނުނިދޭހާ ގަދަ ނިންޖަކުން ރޭގައި ނިދުނުކަމެވެ.
“ތިކަން އެނގުނޭ… ރޭގައި އަހަންނަށް ހޫނުވާވަރުން ނުވެސް ނިދޭ… އެންމެ ފަހުން ފިނިފެނުން އެ ދަންވަރު ފެންވަރައިގެން ނޫނީ ހަމަޖެހިނުލެވުނު…” ހުރިހާ ވާހަކައެއް ލުހާއަށް އޮޅުންފިލުވައި ނުދިނެއްކަމަކު ޔަލާ ކުރުގޮތަކަށް ބުނެލިއެވެ. ޔަލާގެ ގާތުގައި އައިސް އިށީންނަމުން އޭނާގެ ކޮނޑުގައި ބޯއަޅާލައިގެން ސޯފާއަށް ހަށިގަނޑު ދޫކޮށްލައިގެން ލުހާ އިނީ އަދިވެސް ނިދަން ބޭނުންވެފައެވެ.
“ޔާލް އޮފީހަށް ދަންތަ މިއަދު…” އިރުކޮޅަކު އިނދެފައި ލުހާ އަހާލިއެވެ.
“މަންމަ ގާތުގައި ނުދާނަމޭ ބުނެފައެއްނު އޮންނާނީ… މިއަދު މީ ހާފްޑޭއެއްނު… އިރުކޮޅަކުން ގުޅާފައި އަންގާލާނަން ނުދާނަންކަން” ޔަލާ މަޑުމަޑުން ބުނެލިއެވެ. އެވަގުތު އެތަނަށް ޞާބިރާ އައިސް ވަނެވެ. އޭނާގެ އަތުގައި އޮތް ކޮފީތަށިން ދުވި ކޮފީގެ މީރުވަހުން ޔަލާއާއި ލުހާ ހޭލައްވާލިއެވެ.
“މަންމާ… އަޅެ އަހަންނަށް ވެސް ކޮފީއެއް…” ޅަކުއްޖެއްހެން ސޯފާގައި އިނދެފައި ލުހާ ގޮވާލިއެވެ.
“އައްޗީ… ދަތް ވެސް ނޫގުޅާ އެނދުން ހިއްލާލި ގޮތަށް މީހުން ކޮފީ ބޮއެތަ… ދޭ މޫނު ދޮވެ ހަދައިގެން އަންނަން… އޭރުން ކޮފީއެއް ހަދާ ދޭނަން” ޞާބިރާ ބުނެލި ގޮތުން ޔަލާ ގާތަށް ހިނިއައެވެ. އޭނާ ލުހާގެ ކޮނޑުގައި ދެއަތުން ހިފާ ސޯފާއިން ނަގަން ކޮށްޕާލިއެވެ. އެ މީހުންގެ ގާތުގައި އެކަކަށް އިށީނދެވޭގޮތަށް ހުރި ސޯފާ ގޮނޑީގައި ޞާބިރާ އައިސް އިށީނެވެ.
މެންދުރުވަމުން އައިއިރު ބަންދުވެފައި ހުރި ކޮޓަރިތެރެ އެއްކޮށް އުދާސްވެއްޖެއެވެ. ދޭތެރެއަކުން ނިތްކުރިން ފައުޅަމުންދާ ދާތިކިތައް ޒަލަފް ފުހެލައެވެ. ލައިގެން އިން ޓީޝާޓު ހިއްލާލާފައި މޫނު ފޮހެލައެވެ. އެހެން އިންދާ ހެނދުނު އައި ޚާދިމު މެންދުރު ކެއުން ހިފައިގެން އައިސް އެތަނަށް ވަދެއްޖެއެވެ.
“ކިހާއިރެއްވަންދެން އަހަރެން މިތާ ބައިންދާނަމޭ ހިތާތަ ކަލޭމެން ތިއުޅެނީ… ކޮބާ ރަޚަބު؟” ނުރުހުމާއެކު ޒަލަފް ހަޅޭލަވައިގަތެވެ. އެތަނަށް އައި ޚާދިމު މީހާއަށް އެ އަޑު އިވޭ ކަމަކަށް ނުހެދިއެވެ. ޒަލަފްގެ ކައިރީ ކާއެއްޗެހި އަޅާފައި ހުރި ތަބަށް ބަހައްޓާފައި އަވަސް އަވަހަށް އެތަނުން ނުކުމެގެން ހިނގައްޖެއެވެ.
ވަގުތު ދާގޮތް ޒަލަފްއަކަށް ނޭނގުނެވެ. އެހެންނަމަވެސް އޭނާއަށް އެނގިފައިވާ އެއްޗެއްގެ ބޭނުން ހިފަން ފެށިއެވެ. ރަޚަބްމެންގެ ގާތުން ސަލާމަތްވާނޭ ގޮތަކާ މެދު އޭނާގެ ސިކުނޑީގައި ރޭވުންތައް ރާވަން ފެށިއެވެ. ރަޚަބްއާއި ޒަރަސްގެ ގާތުން ދަސްވި އެއްޗެއްގެ ބޭނުން ހިފަމުން ފައިގައި ޖަހާފައި އޮތް ހިލަހިލަ ގަނޑު ނައްޓާލެވޭތޯ ޒަލަފް މަސައްކަތް ކުރިއެވެ. ވަށައިގެންވާ ފާރުގައި އަތްލައި ހިމަ ލޯވަޅެއް ވިޔަސް ހެދޭނޭފަދަ ބަލިކަށި ދިމާއެއްވޭތޯ ޒަލަފް ބެލިއެވެ. އެއްވެސް ކަމަކުން ކާމިޔާބެއް ނުލިބުނެވެ. އެހެންވިޔަސް އެ ތަނުގައި ހުރި ބޮޑު ދޮރު ކޮންމެވެސް ވަރަކަށް ގުޑިލައިފިހެން ޒަލަފްއަށް ހީވިއެވެ. ކުއްލިއަކަށް ޒަލަފްގެ އަޒުމު އައުވެގެން ދިޔަ ކަހަލައެވެ. އޭނާ ދޮރާ ދިމާއަށް ދެއަތް ދިއްކޮށްގެން ހުރެ ސިކުނޑިން ލެވުނުހާ ބާރެއް އެ ދޮރަށް ލަމުންދިޔައެވެ. ނިކަން ބާރަށް ދޮރުން އަޑުކިޔައިގެން ދިޔައެވެ. އެވަރު އޭނާއަށް ކުރެވެންޏާ ހިލަހިލާގަނޑު ވެސް ފާރުން ލުހެލެވިދާނެކަމުގައި ހީކުރިއެވެ. އެހެންވެ ތަޅުންމަތީ އިށީނުމާއެކު ކިރިޔާ ޒަލަފްގެ ދެއަތުން ހިފާލެވޭވަރުގެ ބޮޑު ހިލިހިލާގަނޑުގައި ހިފާ ދަމަންފެށިއެވެ. އެކަން ކުރަންފެށިތާ މަދު ސުކުންތުކޮޅެއްގެ ތެރޭ ކުއްލިއަކަށް ދޮރުހުޅުވިއްޖެއެވެ. ޒަލަފް ބަލާލިއިރު ދޮރުމަތީ ތިބީ ޒަރަސްއާއި ރަޚަބްގެ އިތުރުން މެލްފަސްއެވެ.
“އަހަރުމެން ދަސްކޮށްދިން އެއްޗެހި އަހަރުމެންނާ ދެކޮޅަށް ބޭނުންކުރަންތަ ތިއުޅެނީ… އެކަމެއް ނުވާނެ…” މެލްފަސް ބުނެލިއެވެ.
“ކޮންހާ ބާރެއްތަ ޒަލަފް ތި ދައްކަނީ… އަމިއްލައަށް ޖިންނިއެއްކަން ޤަބޫލުނުކެރިވެގެން ތިއުޅެނީ ކީއްވެތަ؟ ބަލަ އެކަކު ވެސް ޒަލަފް ސަލާމަތްކުރާކަށް ނާންނާނެ… ކަލޭގެ މިހާ ދުވަހު ގެންގުޅުނު މީހުން ވެސް މިހާރު ތިބީ ހިތްހަމަޖެހިގެން… އެމީހުންނަށް ދެން ދުވަހަކު ވެސް އުނދަގުލެއް ނުފޯރާނެތީވެ… އެމީހުން ބޭނުންވާފަދަ ދިރިއުޅުމެއް މިހާރު އެމީހުންނަށް ލިބޭނެ… މިއޮއް ހުރިހާ ދުވަހު އެ މީހުން އެ ދަތިކަމުގައި އެ އުޅުނީ ހަމަ ޒަލަފްއާ ހެދި… ކީއްކުރަންތަ އިތުރަށް އެމީހުންނަށް ދުއްތުރާ ޖައްސާކަށް އެނބުރިދާންވީ… އެއްފަހަރު ވެސް ވިސްނާލިނަމަ… ޒަލަފްގެ މީހުންނަކީ އަހަރުމެން… މީ ޒަލަފް އުޅެންވީ ތަނަކީ…” ޒަރަސްގެ ވާހަކަ ޒަލަފް ހުއްޓުވިއެވެ.
“ކަލޭމެން އަހަރެންގެ މަންމައަށް ގޮތްގޮތް ހަދަނީ… އެއީ ކަލޭމެންގެ ނުބައިކަމުން ކުރާ ކަމެއް…”
“ބަލަ ޒަލަފްއަކީ އަހަރުމެންގެ މީހެއްކަން އެނގޭއިރު އެކަން ހަނދާންނައްތާލި ބަޔަކީ އެ މީހުންނޭ… ކިތަންމެ ބޭނުންވިޔަސް އެމީހުންގެ ތެރެއަކު ޒަލަފްއަކަށް ނޫޅެވޭނެ… އަރީޝާ އަހަރެންގެ ރަޚަބް މަރާލަންވެގެން ކަންތައް ކުރިއިރު އޭނާއަކީ ނުބައިމީހެއްނޫންތަ؟ ހިތަށް އަރާ އެ ދުވަހު މަރާލެވުނު ނަމައޭ… އޭރުން ހަމަގައިމު ވެސް މި ދުވަސް ދެކޭކަށް ނުޖެހުނީސް… ޒަލަފްއަށް ހަޤީޤަތް އޮޅިގެން އުޅޭކަށް ވެސް ނުޖެހުނީސް… މިހިރަ މޮޔަކުއްޖާއާ… ކަލޭތީ ޖިންނިއެކޭ… ނިކަން ޖިންނީން އުޅޭހެން އުޅެބަލަ… އަހަރުމެން އުޅޭހެން އުޅެބަލަ… ދުނިޔޭގެ އުފަލާ އަރާމާ ހިތްހަމަޖެހުން ކަލެއަށް ލިބޭނެ… އެ މީހުން ދޫކޮށްލާފައި އަހަރުމެން ގާތުގައި އުޅޭން ފެށުމުން މިހުރިހާ ކަމެއް ވެސް ޒަލަފްއަށް އެނގޭނެ…” ޒަރަސް ވާހަކަދެއްކިއެވެ. އޭނާގެ ގާތުގައި ރަޚަބް ހުރިއިރު އޭނާގެ ނަޒަރު ވެސް ހުރީ ޒަލަފްއަށް ހުއްޓިފައެވެ. އެ ދެލޮލުން މާޔޫސްކަން ފައުޅުވޭވޭ ހުއްޓެވެ.
“ކިތައް ފަހަރުތަ ބުނާނީ އަހަރެން ކަލޭމެންގެ ތެރޭގައި އުޅޭކަށް ބޭނުމެއްނެތޭ… މިހިރަ މެލްފަސްގެ ދަރިއަކާ އަހަރެން ދުވަހަކު ވެސް ނީންނާނަން… އަހަރެން މިތަނުން ދޫކޮށްލާ…”
“އަހަރުމެންގެ ބަސް ޤާބޫލުނުކުރާހާ ހިނދަކު ދުލެއްނުކުރާނަން… ވަރިހަމަ ޒަލަފްގެ މުޅި އުމުރު ހިލިހިލާޖަހާފައި ބައިންދަން ޖެހުނަސް… ބެހެމަތްއާ ކައިވެނިކޮށްގެން އަހަރުމެންގެ ތެރޭގައި އުޅެން ބޭނުންވި ދުވަހަކުން މިތަނުން ނެރޭނީ” މެލްފަސްއަށް ލިބުނު ހިތްހަމަނުޖެހުމުގައި ބުނެލިއެވެ.
“ޒަލަފްގެ މޮޔަކަމާހެދި އަހަރެން ހައިރާންވެ އަންތަރީސްވެއްޖެ… އަރީޝާއަށް މަންމަ ކިޔާއިރު އޭނާއަށް ޒަލަފްއާ ހެދި އުފުލަންޖެހިފައިވާ ބުރަ ލުއިވާކަށް ޒަލަފް ނޭދެންތަ؟ ތީ ޖިންނިއެއްކަން އެނގޭއިރު އޭނާއަށް ޒަލަފް ބެލެހެއްޓުން ފަސޭހަނޫންކަން އެނގޭއިރު ވެސް ޒަލަފް އެމީހުންނާ މެދު ނުވިސްނާ… ޒަލަފްގެ ސަބަބުން އެ މީހުންގެ ދިރިއުޅުން ވަލުތެރެއަށް ބަދަލުކޮށްގެން އެ އުޅެނީ… އެންމެ ކުޑަމިނުން ޒަލަފް ހީކޮށްގެން ތިހުންނަނީ ޒާލިފާއި ޒަލަފްއަކީ އެއްސިފައެއްގައި ތިބި ދެބެންކަމަށް… ހަޤީޤަތަކީ އެޔެއްނޫން… އަރީޝާގެ ރަހިމުގައި އޮވެ މި ދުނިޔެއަށް އުފަންވާންވީ ވަގުތު ޖެހުމުން ޒަލަފް ޚިޔާރުކުރީ ޒާލިފުގެ ސިފަ… އެކަގައި ބޮޑުވަމުން އައިއިރު ޒާލިފުގެ ސިފައިގައި ހުންނަން ނިންމީ ވެސް ހަމަ ޒަލަފް… ތި ސިފައަކީ ޒަލަފްއަށް ލިބިގެންވާ ސިފައެއް ވެސް ނޫން… އަމިއްލަ ކިތަންމެ ރަނގަޅުވާން މަސައްކަތް ކުރިޔަސް ޒަލަފްގެ ސަބަބުން އެމީހުންނަށް ފައިދާއެއް ނުކުރޭ… ކުރިން މިވާހަކަތައް ނުބުނަން ހުރީ ޒަލަފްއަށް އަމިއްލައަށް ވިސްނޭނެކަމަށް… އެކަމަކު މިހާރު އެނގޭ ޒަލަފްއަށް ތިހިރީ އަމިއްލަ މީހާ ވެސް ވަކިނުވާވަރަށް ތަންދޮރު އޮޅިފައިކަން…” ރަޚަބް ނުބުނަން ހުރެފައި ވެސް ބޭރުކޮށްލި ބަސްތަކުން ޖަދަލުކުރަމުން އައި ޒަލަފް ހުއްޓުމަކަށް އައެވެ.
“ޝުކުރުކޮށްބަލަ އަހަރުމެން މިހާވަރުން ކަލެއާ ހެދި އުޅޭތީ ވެސް… އަހަރުމެންނާ ނުލާ ކަލޭ އެއްވެސް މީހަކަށް ނުވާނެ… އިންސާނުންގެ ތެރޭގައި ވެސް ހުންނާނީ ބާކީވެފައި… ތީ ބޭކާރުމީހެއް… ހަމައެގޮތަށް އަހަރުމެންގެ ތެރެއަށް ވެސް ކަލޭ ވާނީ ބިރައްޓެއްސަކަށް… މި ދުނިޔެއަށް ގިނަވެފައި ހުރި މީހެއްފަދައިން…” މެލްފަސް ބުނެލިއެވެ. އޭނާގެ ބަސްތަކުގެ ތޫނު ހަތިޔާރެއް ފަދައިން އައިސް ޒަލަފްގެ ހިތަށް ހެރިގަތެވެ.
ކުއްލިއަކަށް ޒަލަފްގެ ނަފްސު ބަލިކަށިވެގެންދިޔައެވެ. ރަޚަބްމެންގެ ކުރިމަތީ އޭނާ އިސްޖަހާލިއެވެ. އެތަން ފެނި ޒަރަސް ވަކިން ބޮޑަށް އިސްއުފުލާލިއެވެ. އަދި ލިބުނީ ކާމިޔާބެއްގެ ގޮތުގައި ދުށުމާއެކު އޭނާގެ ތުންފަތުގައި ވިހަ ހިނިތުންވުމެއް ދުވެލިއެވެ. އޭނާ ބޭނުންވަނީ ކޮންމެ ގޮތަކުން ނަމަވެސް އެމީހުންގެ ތެރޭގައި ޒަލަފް ބަހައްޓާށެވެ. އެމީހުން އިތުރަށް އެއްޗެއް ނުބުނެ އެތަނުން ނުކުމެގެން ދިޔައެވެ. އިރުކޮޅަކު ހުރި ފިޔަވަޅުމަތީ ކޮޅަށް މަޑުކޮށްލައިގެން ޒަލަފް ހުރުމަށް ތަޅުމުގައި ދެ ކަކޫ ޖައްސާލުމާއެކު އިށީނެވެ.
“އެހެންވީރު އަހަރެން މީ ކާކު؟ އަހަންނަށް ސިފައެއް ލިބިގެން ނުވަނީތަ؟… މަންމަމެންނަށް ވެސް އަހަންނަކީ އެ މީހުންނަށް ކުރިމަތިވި މުސީބާތަކީތަ؟… އެކަމަކު… އަހަރެން… އަހަރެންގެ ކުށަކީ ކޮބާ؟…. އަހަރެން ޒާލިފުގެ ސިފަ ޚިޔާރުކުރީ ގަސްދުގައެއްނޫން… އަހަރެން މީ ކާކު…” ޒަލަފް އޭނާގެ ޟަމީރާ ވާހަކަދައްކަމުން ގޮސް ސިކުނޑި ފިތިބާރުވެގެން ދިއުމުން އަޑުގެ ނެއްތަނަށް ހަޅޭލަވައިގަތީ ބޮލުގައި ދެއަތުން ހިފަހައްޓާލަމުންނެވެ. ނޭނގޭ އެކަނިވެރިކަމެއް ޒަލަފް ވަށާލިއެވެ. އެހިނދު އަނދިރިކަމުން ފުރިގެންވި ފުން ވަޅެއްގެ ތެރެއަށް ވެއްޓެމުން ދާ ފަދަ އިހުސާސެއް ކުރެވެމުންދިޔައެވެ.
* * * *
ހަފްތާއެއް ފާއިތުވެގެން ދިޔަ އިރު ޔަލާއަށް ހަމަނިދި ނުލެބެއެވެ. ބުނެދޭން ނޭނގޭ ގޮތްތަކެއް އޭނާއަށް ވަނީއެވެ. މީހެއްކައިރީ ބުނާކަށް ނުކެރެއެވެ. ދަންވަރު އާދަޔާ ޚިލާފަށް ހޫނުވުމާއި ފެންވަރައިގެން ނޫނި ހިތްހަމައެއް ނުޖެހެއެވެ. އަނެއްކޮޅުން ނިދޭ އިރަށް ބިރުވެރި ހުވަފެންތަ ފެންނަން ފަށަނީއެވެ. ރުޅި އައިސްފައި ހުންނަ އަންހެނަކު ހުވަފެނުގައި އޭނާއަށް ބަލަނީއެވެ. އެކަމުގެ ސަބަބުން ވެސް ޔަލާއަށް ހަމަނިދި ނުލިބެއެވެ. މައްސަރު ކަންތައް ޖެހިގެން އެކަން ރަނގަޅެއްނުވިއެވެ. ނަމަވެސް އަޖައިބުވަނީ ދުވާލުގެ ވަގުތުތަކުގައި ލޭ ނުފެންނަކަމެވެ. އެހެންނަމަވެސް ނަމާދުކުރަން އުޅޭއިރަށް ލޭފެނެއެވެ. އެހެންވެ އެއްވެސް ގޮތަކަށް އަޅުކަމާ ގާތްވެވޭ ގޮތެއް ނުވެއެވެ. އިރުއޮއްސި ދަންވެއްޖެނަމަ ވަކިން ބޮޑަށް ހަށިގަނޑުން ލޭ ފައިބައެވެ. މިހާރަކަށް އައިސް ބަނޑުގެ ތަންކޮޅެއްގައި އަބަދުހެން މަޑު ރިހުމެއް ވެސް ހުރެއެވެ. އެކަމާ ފަރުވާލެއް ޔަލާ ނުބަހައްޓަނީ މައްސަރު ކަންތައް ޖެހިގެން އުޅޭއިރު އޭނާގެ ބަނޑަށް އެގޮތަށް ތަދުވުމަކީ އާންމުކަމެއް ވީމައެވެ. ނަމަވެސް ދަންވަރުގެ ދެގަޑިބައިގެ ފަހުން ތިންގަނޑި ބައިވަންދެން ކަހަލަ ގޮތަކަށް ޔަލާއަށް އިހުސާސް ކުރެވޭ ވޭނަށް ކެތެއްނުވެއެވެ. ތޫނު އެއްޗެއް ކުރިމަތިފަރާތަށް ހަރާފަދަ ނުބައި އިހުސާސެއް އޭނާއަށް ކުރެވެނީއެވެ. ހޮސްޕިޓަލުގައި އުޅޭ ގައިނީ ޑޮކްޓަރަކާ މަޝްވަރާކޮށްލުމުން އޭނާ ލަފާ ދިނީ ޓެސްޓެއް ހަދާލުމަށެވެ. އާންމުކޮށް ހުންނަންޖެހޭ ވަރަށް ވުރެ ޔަލާގެ ލޭގެ ޕްރެޝަރު ދަށެވެ. ހަމައެއާއެކު ހޯމޯން ބަދަލުތަކެއް އެ ހަށިގަނޑަށް އަންނަކަން ވެސް ޑޮކްޓަރު ފާހަގަކުރިއެވެ. ބަނޑުގެ ސްކޭނެއް ހެދުމަށް ދާން އޮތް ދުވަހަކު ޔަލާއަށް ކެތްނުވާވަރަށް ބަނޑުގައި ރިއްސިއެވެ. އެ ދުވަހު ތަދަށް ބޭސްގުޅައެއް ކާލުމުން ވެސް ތަދު ކެނޑުނީ އެތައް އިރަކުންނެވެ. އެހެންވެ ސްކޭން ހެދޭގޮތެއް ނުވިއެވެ. އޭގެ ދެ ދުވަސްވަރު ފަހުން ޑިއުޓީގައި އުޅޭފައި ޑޮކްޓަރާ ދިމާވެގެން ޔަލާ ސްކޭން ހެދުމަށް ދިޔައެވެ. އެހެންނަމަވެސް އެ ފަހަރު ވެސް ސްކޭނެއް ނުހެދުނެވެ. މެޝިނުގައި ޓެކްނިކަލް މައްސަލައެއް ޖެހުނީއެވެ. އެހެންނަމަވެސް ކުޑަސުކުންތަކަށް ވިޔަސް ސްކޭން މެޝިނުން ޔަލާގެ ބަނޑުގެ ތެރެއިން މަސްކޮޅެއްފަދަ އެއްޗެއް ފެނުނެވެ. ޔަޤީންކުރާން ނޭނގޭތީ ޑޮކްޓަރު އެ ވާހަކަ ނުދެއްކިއެވެ.
ހުރިހާ ކަމަކަށްވުރެ ވެސް ޔަލާ ކަންބޮޑުވެފައިވަނީ ޒަލަފްގެ ޚަބަރެއް ނުވެގެންނެވެ. އޭނާ ޔަލާ ގުޅިޔަސް ފޯނެއްނުނަގައެވެ. އަބަދު އޮންނަނީ ފޯނު ނިއްވާލާފައެވެ. އެއަރޕޯޓުގައި ޒަލަފް މަސައްކަތް ކުރާކަން އެނގޭއިރު ލުހާ ގާތުގައި ބުނެގެން ޒަލަފްއަށް މެސެޖެއް ދޭން ޔަލާ ބޭނުންވިޔަސް ޖެހިލުންވަނީ އެ ދެމެދުގައި މައްސަލައެއް ޖެހިއްޖެއޭ ލުހާއަށް ހީވެދާނެތީއެވެ. އެކަހެރިވެ ވިސްނާ ފިކުރުކުރާން ޔަލާ އިންނަ ވަގުތު ގިނަވެއްޖެއެވެ.
“ޒަލަފް އަހަންނަށް އޮޅުވާލަފާނެތަ؟ އެކަމަކު އޭނާ އުޅުނީ ކިހާ ލޯބިން… ކީއްވެތަ ފޯނު ނިއްވާލައިގެން އެ އުޅެނީ… އެޓްލީސްޓު ކުރިން ވެއްޖެއްޔާ ގެއަށް އަންނާނެ… މަންމައާ ބައްދަލުކޮށްފައި ދިޔަފަހުން ޒަލަފްއަށް އެ ބަދަލެއް އައިސްގެން އެ އުޅެނީ… އެކަމަކު ކީއްވެ؟… ޒަލަފް… ޕްލީޒް…. އަހަރެންގެ ގާތަށް އާދެބަލަ… ޒަލަފްގެ ޚަބަރެއް ނުވެގެން އަހަރެން މިހިރަ މޮޔަވަނީ…” ކޮޓަރީގެ ބޭރުގައި ބެލްކަނީގެ ލަކުޑި ރެއިލިންގައި ހިފަހައްޓާލައިގެން ގޯތިތެރެއަށް ނަޒަރު ހުއްޓާލައިގެން ހުރި ޔަލާ އޭނާގެ ހިތާ ވާހަކަދެއްކިއެވެ. އޭނާއަށް ބަޔާންކުރާން އުނދަގޫ އެކަނިވެރިކަމެއް އިހުސާސް ކުރެވެނީއެވެ. މާޔޫސްކަމާއި ނުތަނަވަސްކަމުގެ ސާލެއްގައި ނަފްސު އޮޅެމުންދިޔައެވެ. އެހެންމީހުންނަށް ނީވޭ ފަދަ އަޑަކުން އޭނާގެ ކަންފަތް ދޮށުގައި ހިތަށް ތަދުވާކަހަލަ ވާހަކަތައް ދައްކާ ކަހަލައެވެ. ސިކުނޑިއަށް ވެރިވާ ވަސްވާސްތަކުން ހިތަށް އިންތިހާއަށް އުނދަގޫވަމުންދިޔައެވެ. ބޭއިޚްތިޔާރުގައި މޭގައި އަތްއަޅާލި ވަގުތު ޔަލާގެ ލޮލުން ކަރުނައިގެ ރޮނގެއް ތިރިއަށް ދެމިގަތެވެ.
ފުންމިން ނޭނގޭ އަނދިރިކަމެއްގެ ތެރެއަށް ޔަލާގެ ޟަމީރު ގެނބެމުންދިޔައިރު ބިރުވެރިކަމުގެ ހިޞާރުގެ ވަރުގަދަކަމުން ތެޅިފޮޅި ބާރަށް ރޮމުންދިޔައެވެ. އެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އަންނަނީ އެހެންވެއެވެ. ހަށިގަނޑާއި ރޫހު ވަކިވެފައިވާ ކަހަލައެވެ. ހަށިގަނޑުގެ މައްޗަށް ޔަލާގެ ބާރެއް ނެތް ފަދައެވެ. ޖެހިބުދެއްހެން އެއްވެސް އަސަރެއް ނެތިފައި ޔަލާ ހުރިއިރު ދެލޮލުން ފައިބަމުން ދިޔަ ކަރުނައަކީ ކީއްވެ އެ ލޮލުން ފައިބާ ކަރުނައެއްކަން ވިސްނަން ސިކުނޑި ނުކުޅެދެވިފައިވެއެވެ. އެހެންހުއްޓާ ވަރުބަލިވެފައިވާ ސިކުނޑިއަށް ދިރުންލިބި އަމިއްލަ ނަފްސުގެ މައްޗަށް ބާރެއް ފޯރުވުނީ ފޯނު ރިންގުވާއަޑާށެވެ. ތެޅިފޮޅިގެންފައި ފެނުން މައްޗަށް ބޯހިތްހިއްލާލެވި މިނިވަންކަމުގެ އިހުސާސް ޔަލާގެ ޟަމީރަށް ލިބިގެންދިޔައެވެ. ވަށައިގެން ލެވިފައިވި ކަޅުއަނދިރިކަން ބިއްލޫރިކޮޅުތަކެއް ބުރައިގެން ދާ މިސާލުގައި ކުނޑިކުނޑިވެ ނެތި ދިޔައީއެވެ. ހަށިފުރާ ލެވުނު ނޭވާއާއެކު ކޯތާފަތުގައި ޔަލާއަށް އަތްޖައްސާލެވުނެވެ. އެހިނދު އަވަސްއަވަހަށް ދެއަތުން ލޮލާއި ކޯތާފަތް ފުހެލައިފިއެވެ. އަދި އެނބުރި ހުޅުވާފައި ހުރި ކޮޓަރިއަށް ބަލާލައިފިއެވެ.
“ރީހާން” އެނދުގެ އަރިމަތީކަބަޑުގެ މަތީ އޮތް ފޯނު ނަގައި ބަލާލަމުން ޔަލާއަށް ބުނެވުނެވެ. އަދި ކަންފަތުގައި ފޯނު ޖައްސާލީ ކޯލަށް ޖަވާބު ދިނުމަށެވެ.
“ޔަލާ، ކިހިނެއްތަ؟ ގޭގަތަ؟” ފޯނުގެ އަނެއްކޮޅުން ރީހާން ވާހަކަދެއްކިއެވެ.
“އޮފްވީމަ ގޭގައެއްނު ހުންނާނީ…” މަޑުމަޑުން ޔަލާ ބުނެލިއެވެ. އެހެންނަމަވެސް އެ އަޑުގައި ޖޯޝެއްނެތެވެ.
“ކިހާ ދުވަހެއް އަހަރުމެން އެކުގައި ބޭރަށް ނުކުމެނުލާތާ. ޑިއުޓީއަށް އައިސް ވެސް މިހާރު އުޅެނީ ފިލައިގެން… ވިޖޭ ބުނި ޔަލާ ވަރަށް ބަލިވެގެންނޯ އުޅެނީ… އަހަންނަށް ވެސް ކުރިން ދުވަހު ފެނުނީމާ އެހެން ހީވި… ކީއްވެތަ އަހަރެން ކައިރީ ނުބުނީ… ފިލައިގެން އުޅުނަސް ބަލިވީމަ އަންގާލަންވާނެއެއްނު… ރައްޓެހިންވިއްޔާ” ޝަކުވާގެ ރާގެއްގައި އެހެންނަމަވެސް އޯގާތެރިކަން އެކުލެވޭ ފަދަ ގޮތަކަށް ރީހާން ބުންޏެވެ.
“އެހާ ބައްޔެއް ނޫނޭ… ކުޑަކޮށް ބީޕީ ލޯ ވީ…” ޔަލާއަށް ދިމާވާ ހަޤީޤީ އުނދަގޫތައް ސިއްރުކުރަމުން ބުނެލިއެވެ.
“ހިނގާބަލަ ދިމާވެލަން… އަހަރެން ދަންތަ ބަލާ… ޕްލީޒް… ބޭރަށް ނުކުމެލާ ކޮފީއަކަށް ޖައްސާލަނިކޮށް އޯކޭ ވެދާނެ… އަބަދު ގޭގައި އޮންނާކަށް ނުވާނެ… މި ދަނީ އިނގޭ ބަލާ… މިއަދު ވެދާ ވެސް ވަރަށް ސަޅި، ކުޑަކޮށް ވިއްސާރަކޮށް އަވިނިވާލާފައި އެ އޮންނަނީ”
“މިހާރު އޭ… ނޫން… ތަންކޮޅެއް ފަހުން…” އެއްވެސް ކަމެއް ކުރާހިތް ނުވެފައި ހުރި ޔަލާ ދެކޮޅު ހެދިއެވެ.
“ނޯވޭ… ބަލިކަމުން މޫޑީވެގެން ތިއުޅެނީ… އައި އޭމް އަ ޑޮކްޓަރ… އައި ނޯ އިޓް… ތައްޔާރުވޭ… މި ދަނީ ބަލާ… ހަމަގައިމު ވެސް އަހަރެން ގޮސް ތިގެއަށް ވަދެއްޖެއްޔާ ޔަލާގެ މަންމައާއި ކޮއްކޮ ވެސް އަހަންނަށް އެއްބާރުލުން ދޭނެ”
ރީހާންއާ އިތުރަށް ދެކޮޅު ހަދާނެހާ ވަރެއް ވެސް ޔަލާގެ ނެތެވެ. ސިކުނޑި އިތުރަށް ނުތަނަވަސްކޮށް ވަރިބަލި ކުރުމުގެ ބަދަލުގައި އޭނާ އެއްބަސްވިއެވެ. އަވަހަށް ތައްޔާރުވާން އުޅުނެވެ. ކޮޓަރީގެ ދޮރުލައްޕާލާފައި އައިސް ލައިގެން ހުރި ހަރުވާޅުކޮޅު ބާލާފައި ފާޚާނާ ކައިރީގައި ހުރި ތުވާލު އެޅުވުމަށް ޚާއްޞަކުރެވިފައިވާ ހަރުން ތުވާލި ނަގައިގެން ފާޚާނާއަށް ވަންނަން ޔަލާ އުޅުނެވެ. އެހެންނަމަވެސް ކުއްލިއަކަށް އޭނާއަށް ވީގޮތެއް ނޭނގުނެވެ. ފާޚާނާ ދޮރާ ހަމައަށް ގޮސްފައި ހުއްޓުނީ ޚިޔާލު ބަދަލުވެގެންނެވެ. ފެންވަރާކަށް އޭނާ ބޭނުމެއްނުވިއެވެ. ދެ ޚިޔާލެއްގައި ހުރި މީހަކު ފަދައިން ފާޚާނާއަށް ވަންނަން ދޮރުގައި ހިފަން އަތްހިއްލާލާފައި ވެސް ޔަލާ އެނބުރި އައިސް އެނދުގެ ފައިލާކޮޅުގައި އިށީނެވެ. އޭރު ވެސް ކޮނޑަށް އެއްލި ތުވާލި އޮތެވެ. އޭނާ އެ އިނީ ރޭ ދަންވަރު ފެންވެރި ގޮތަށެވެ. ސިކުނޑީގެ ވަސްވާސްތަކުގެ ތެރޭ ޔަޤީން ނުވެފައި އިނދެ މަޑުމަޑުން ތެދުވެގެން އައިސް ކުރިން ވެސް އަޅުވާފައި ހުރި ހަރުގައި ތުވާލި އަޅުވާލިއެވެ. އަދި އަލަމާރިން ހެނދުމެއްނަގައި ތައްޔާރުވާންފެށިއެވެ.
ރީހާންގެ ކާރު ކިނާރީގެ ދޮރުމަތީގައި ކަހަލަ ގޮތަކަށް މަޑުކޮށްލަންވާއިރަށް ދޮރޯށި ހުޅުވާލާފައި ޔަލާ ނުކުތެވެ. ސިޓިންރޫމުގައި އިން ޞާބިރާ އިނީ ދުވަސްތަކަކަށްފަހު އޭނާގެ ދަރިފުޅު އޮފީސް ކަމަކު ނޫން ގޮތަކަށް ބޭރަށް ނުކުމެލީތީ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިފައެވެ. ނުވިތާކަށް ނުކުމެގެން ދަމުން ރީހާންއާއެކުގައިކަން ޔަލާ ދަނީ ބުނެލުމުން އެކަމާ ވެސް ރުހި ޤަބޫލުވެގެންނެވެ.
“ވާއު… ހާދަ ތަފާތު ހެދުމެއް ލާފައި ތިހުރީ…” ރީހާންއާ ޖެހިގެން ހުރި ކާރުގެ ކުރީ ސީޓުގައި ޔަލާ އިށީނުމުން އޭނާ ބުނެލިއެވެ. އަދި ހައިރާންކަމާއެކު ތަންކޮޅެއް ބޮޑަށް ޔަލާއަށް ބަލާލެވުނެވެ.
ޔަލާ ލައިގެން އިނީ އޭނާ ނުލާންވެގެން ބާއްވާފައި އޮތް ޓޮޕެކެވެ. ކަޅުކުލައިގެ އެ ޓޮޕުން ޔަލާގެ އުނަގަނޑުގެ ހިމަކަން އެނގެއެވެ. އޭނާ ފަރާތަކަށް އެނބުރިލިޔަސް އެ ރީތި ދޮން އުނަގަޑާއި ބަނޑުން ތަންކޮޅެއް ފައުޅުވާނޭކަން ޔަޤީނެވެ. އޭގެ އިތުރުން ޗޭކޮށް އޮތް ކަރު ބޮޑުކަމުން އެއްކޮނޑުން އޮތީ ވެއްޓިފައެވެ. މޭމައްޗާ ދިމާއިން ގޯނިހެދިފައި އޮތެވެ. ހާވާލާފައި އޮތް އިސްތަށިގަނޑުން ކޮންމެވެސް ވަރަކަށް ޔަލާގެ ކޮނޑުމައްޗާއި މޭމަތި ނިވާވެއެވެ. އަބަދުވެސް ހިތްގައިމު މަޑުމަޑު މޭކަޕެއް ކޮށްފައި ހުންނަ ޔަލާ މިއަދު ހުރީ ތުންފަތުގައި ރަތްކުލައެއް ޖައްސާލުމާއެކު ލޮލުގައި މާބޮޑަށް އަނދުން އަޅާލާފައެވެ. އެހެންނަމަވެސް އެ ހުރިހާ ކަމެއްގެ ތެރެއިން ވެސް ރީހާންގެ ލޮލުގައި އަޅައިގަތީ އާދަޔާ ޚިލާފަށް ހުދުވެފައިވާ ޔަލާގެ ހަންގަނޑެވެ. ހީވަނީ ލޭމަދުވެފައި ހުރި ހެންނެވެ.
“އައި ޑޯންޓް ނޯ ވައި… މިއަދު ހަމަ ހިތަށް އެރީ މިހެންނޭ ހުންނާނީ..” ހިނިތުންވެލާފައި ޔަލާ ބުންޏެވެ.
ރީހާންގެ ކާރު މަޑުކޮށްލީ އެ މީހުން އާންމުކޮށް އަންނަ “ޑަބްލިއުއެން” ކެފޭ ކައިރިއަށެވެ. ރަނގަޅު ހިސާބެއްގައި ކާރު ޕާކުކޮށްލާފައި ޔަލާއާއެކު ހިނގައިގަތުމުން ރީހާންއަށް އިތުރު ހައިރާންކަމެއް ލިބުނީ އޭނާގެ އަތުގައި ޔަލާ ހިފާލުމުންނެވެ. ހީނލާފައި ޔަލާ ދެއްކި ވާހަކައެއް އެއްގޮތަކަށް ވެސް ރީހާންއަށް ފަހުމެއްނުވިއެވެ. އެއަށްވުރެ އޭނާގެ ލޭނގެ ހިނގުން އަވަސްވެ މީހާއަށް ޝޮކެއް ޖެހިއްޖެއެވެ. އެ ޝޮކުން ނުކުމެވުނީ ކެފޭގެ މަތީ ފަންގިފިލާއަށް އަރާ އެތަނުން މޭޒެއްގެ ދޮށުގައި އިށީނުމުންނެވެ.
“ރެޑްބުލްއެއް…” ވައިޓަރު އައިސް ހުއްޓިލުމާއެކު ޔަލާ ބުންޏެވެ.
“ވަޓް… ނޯ… އެއީ ދޮގެއް، އޭނާއަށް ގެނޭ ފްރެޝް އޮރެންޖެއް… އަހަންނަށް ބްލެކް ކޮފީއެއް” ރީހާން ވަގުތުން ބުނެލިއެވެ. އަދި ވެއިޓަރު އެ މޭޒުގެ ދޮށުން ދުރަށް ދިއުމުން ޔަލާއާ ދިމާއަށް ދެ ލޯ ބޮޑުކޮށްލާފައި ބަލާލަމުން ރީހާން ވާހަކަދެއްކިއެވެ.
“އާ ޔޫ ކްރޭޒީ… ތީ ޑޮކްޓަރެއްތަ؟ ހުރިހާ ކަމެއް އެނގޭ އިރު ވެސް ތިއުޅެނީ އަމިއްލަ ހަށިގަނޑު ހަލާކުކޮށްލަންތަ؟ ވަޓްސް ރޯންގް ޔަލާ…. ލުކް އެޓް ޔޫ… ޕޭލްކަމުން ހީވަނީ ޑެޑް ޕާސަންއެއްހެން… އަހަރެން ބޭނުން ޔަލާގެ ޓެސްޓު ހަދަން… އަހަންނަށް ޔަޤީން މިހާރު ލޭއަޅަން ޖެހޭނެކަން… ބީޕީ ތިހާ ލޯވެފައި ހުރި އިރު ރެޑްބުލް ފަދަ ޑްރިންކެއް ނުވާނެއެއްނު ބޭނުންކުރާކަށް…”
“ރީހާން ވެސް ދޯ… އެއްފަހަރު ލައިފް އެންޖޮއިކޮށްލުމަކުން ކޮބާތަ މައްސަލައަކީ…”
“ޔަލާ… ވާހަކައެއް އަހަންތަ؟ ދޮގު ނުހަދާ އަހަންނަށް ޖަވާބު ދޭންވާނެ…”
“ޖިސްޓް ޗިލް ރީހާން… ބަލާބަލަ… މިއަދު ހާދަ އަރާމު ވައިޖެހެއޭ ދޯ… ސެކްސީ ވެދާއެއް… ޔޫ ވާ ރައިޓް…” ޔަލާ ކުއްލިއަކަށް މަޢުލޫ ބަދަލުކޮށްލުމާއެކު އިން ތަނުން ތެދުވެ މޭޒުކައިރިން ރެއިލިންގައި ދެއަތް އަޅުވާލާ ކުޑަކޮށް ގުދުވެލީ ރީހާންއާ ދިމާއަށް އޭނާގެ ބުޑު ނެރިލަމުންނެވެ. ވާހަކައެއް ބުނަން އުޅެފައި ވެސް ރީހާންއަށް އަނެއްކާ ވެސް ދެ ލޯ ބޮޑުކޮށްލެވުނެވެ. އަވަސްއަވަހަށް އިސްޖަހާލާފައި ވަށައިގެން ހޯދާލެވުނެވެ. މުޅިތަނަށް ވަނީ ތަފާތު ހިމޭންކަމެއް ވެރިވެފައެވެ. ރީހާންއާއި ޔަލާގެ އިތުރުން އެ ތަނުގެ މޭޒެއްގެ ދޮށުގައި ތިބި ދެ ޒުވާނުން ވެސް ތެދުވެގެން ދިޔަތަން ރީހާންއަށް ފެނުނެވެ. އެއާއެކު އެތަނުގައި ރީހާންއާއި ޔަލާ ނޫނީ އިތުރު ބަޔަކު ނެތެވެ. އެވެސް ނަސީބެކޭ ރީހާންގެ ހިތަށް އެވަގުތު އެރިއެވެ. ޔަލާ މިއުޅެނީ ދުވަހަކު ވެސް އޭނާ އުޅުނު ގޮތަކަށް ނޫނެވެ. ނޫނީ ރީހާންއަށް ޔަލާގެ ގޮތް ނޭނގެނީބާއޭ އޭނާގެ ހިތާ ސުވާލު ކުރެވުނެވެ. ރެއިލިންގައި އަތްއަޅުވާލައިގެން ހުރެ ޔަލާ ހީވަނީ މޮޑެލް ކުރާ ހެނެވެ. ފަރާތަށް ބުނޑު އަނބުރާލުމާއި ދެއަތް މައްޗަށް ހިއްލާލާ ކޮންމެ ފަހަރު އޭނާގެ ދޮން ބަނޑުން ބައެއް ރީހާންއަށް ދައްކާލައެވެ. ގަސްދުގައި ރީހާންގެ ހިތް ނިޔަތް ބަދަލުކުރާން އުޅޭ ފަދައެވެ.
“ޔަލާ… ދެޓްސް އިނަފް” ތަންކޮޅެއް ހަރުކަށި ގޮތަކަށް ރީހާން ބުނެލިއެވެ. އޭނާގެ ނަފްސު ހަމައިން ނެއްޓިދާނެހެން ހީވުމުންނެވެ.
“ކިހިނެއްވީ؟…” ނޭނގޭ ކަމަށް ޔަލާ ހެދުނެވެ.
“މިތާ އައިސް އިށީނދެބަލަ… އަހަންނާ ވާހަކަދައްކަބަލަ…” ރީހާން މިހެން ބުނުމުން މައުނަވީ ބަލާލުމަކުން ރީހާންއަށް ބަލާލާފައި ޔަލާ އައިސް އިށީނެވެ. އަދި އިސްތަށިގަނޑުގައި ހިފާ އެއްފަރާތަށް ގެނެސް ވައްޓާލުމާއެކު ލައިގެން އިން ޓޮޕު އެއްފަރާތު ކޮނޑުން ފައިބައިފައި ވާތަން ރީހާންއަށް ފެނުނެވެ. އެކަމުގެ ސަބަބުން ޔަލާގެ ދޮން ކަނދުރާއިން ފެށިގެން ކޮނޑާއި މޭމަތިން ބައެއް އޮތީ ފައުޅުކަން ބޮޑު ގޮތަކަށް ފެންނާށެވެ.
“ޔަލާ… ކަމަކާ ޑިޕްރެސްވެގެންތަ ތިއުޅެނީ… ބުނެބަލަ… ޒާލް އޯކޭތަ؟” ނަފްސާނީ ޑޮކްޓަރަކަށް ނުވިޔަސް ރީހާންގެ ސިކުނޑި އެވަގުތު މަސައްކަތްކުރީ ޑޮކްޓަރެއްގެ ސިކުނޑި މަސައްކަތް ކުރާނޭ ފަދައިންނެވެ.
“ޒާލް…” ރީހާންގެ ދުލުން ޒަލަފްއަށް ޔަލާ މުޚާޠިބުކުރާ ނަން ބުނެލި އަޑުއިވި ކުއްލިއަކަށް ޔަލާގެ ޠަބީޢަތަށް ބަދަލު އަތުވެއްޖެއެވެ. އޭނާ ހިމޭންވިއެވެ. އިސްޖަހާލައިގެން އިނދެ އެއްފައި މައްޗަށް އަނެއްފައި ލައިގެން އިނދެ މަތީ ފައި ތަޅުވަން ފެށިއެވެ. ރީހާން މަޑުމަޑުން ގޮވާލިއެވެ.
“ވަޓްސް ރޯންގ ވިތް މީ…” މަޑުމަޑުން އިސްއުފުލާ ރީހާންއަށް ބަލާލި ޔަލާ އޭނާގެ އަމިއްލަ ނަފްސާ ސުވާލުކުރިއެވެ. ބައެއްފަހަރަށް އޭނާއަށް ކުރެވޭ ކަންތައްތައް އެނގުނެއްކަމަކު ހުއްޓާލުމުގެ ބާރު ނޯންނަނީ ކީއްވެކަމާ މެދު ޔަލާ ސުވާލު އުފެދުނެވެ. ރީހާންއަކީ އޭނާގެ އެކުވެރިއެކެވެ. އޭނާއަށް ނުބައި މެސެޖުތަކެއް ދީ ކަމަކަށް އަރައިގަތުމަށް ޔަލާއަށް ދަޢުވަތު ދެވެނީކަން ސިކުނޑީގެ ކޮންމެވެސް ހިސާބަކުން ބުނަމުންދިޔައެވެ. ރަނގަޅާއި ނުބައި ވަކިކޮށްދީ އޭނާގެ ޢަމަލުތައް ހުއްޓުވަން އޭނާގެ ޟަމީރު ތެޅިފޮޅެނީއެވެ.
“ޓެލް މީ ޔަލާ… އަހަރެންމީ ޔަލާއެކުގެ ގާތްއެކުވެރިއެއް… ދުވަހަކު ވެސް ޔަލާއަށް ދެރަގޮތެއް ވާން އަހަންނެއް ނޭދެން… ތި ވެގެން އުޅޭގޮތެއް ކިޔައިދީބަލަ… އޭރުން އަހަންނަށް ވެސް އެހީއެއް ވެވޭނީ” ރީހާން މިހެންބުނެ މަޑުކޮށްލައިގެން އިނީ ޔަލާ އެއްޗެއް ބުނާނެކަމަށެވެ.
“ކަމެއްނުވޭ… ނޫނެކޭ… އެހެންނުބެލަ… ޒާ….” ޔަލާ ވާހަކައެއް ބުނަން އުޅުނުހެން ރީހާންއަށް ހީވިއެވެ. އެހެންނަމަވެސް އޭނާ ހީވީ އަމިއްލަ ނަފްސާ ވާހަކަދެއްކި ހެނެވެ. ވީވެސް އެހެންނެވެ. ޔަލާގެ ދުލުން ބޭރުވަނީ އޭނާ ބުނަން އުޅޭ އެއްޗަކާ ދިމާ އިދިކޮޅު ބަހެވެ. ޒަލަފްގެ ނަން ކިޔަން އުޅުމުން އޭނާގެ ގާތަށް އައީ ހިންޏެވެ. އެކަމަކު ހޭކަށް ބޭނުމެއްނޫނެވެ. ރީހާންއަށް ބަލަން އިނދެ ޔަލާ ހެނީއެވެ. ނިކަން އަވަހަށް އަނެއްކާ ވެސް ޔަލާގެ އުޅުން ބަދަލުވެއްޖެއެވެ.
“ރީހާން… ލޯބިވާ މީހުން އެހާ ފަސޭހައިން ދޫކޮށްލާކަށް ނުވާނެ… ކިހިނެއްތަ އެނގެނީ ކިރިޔާ މަސައްކަތްކޮށްލި ނަމަވެސް ހިތުގައިވާ ލޯބިވެރިޔާ ލިބިވެސް ދާނެއެއްނު… އެކަމަކު ފުރަތަމަ ވެސް ނުލިބޭނެޔޭ ނިންމާ ފިނޑިއެއްހެން އިހުސާސްތައް ފޮރުވައިގެން ހުރުމަކުން ލޯތްބެއް ނުލިބޭނެ…” ރީހާންއަށް ހީވީ އޭނާގެ ހިތުގެ ހަޤީޤަތް ޔަލާއަށް އެނގިގެން ގަސްދުގައި ދިން ބަހުގެ ހަމަލާއެއް ކަމުގައެވެ. ވެއިޓަރު މީހާ އައީ ރީހާންއަށް ބުނާނޭ އެއްޗެއް ނޭނގިފައި އިންދައެވެ. އޭނާ އެނބުރި ދިއުމާއެކު މޭޒުމަތީގައި އޮތް ރީހާންގެ ދެ އަތުގެ މުލައްދަނޑީގައި ޔަލާ އަތްލި ގޮތަށް ފިރުމާލަމުން އައިސް ރީހާންގެ އަތްތިލަ މަތީ އޭނާގެ އަތްތިލަ ބާއްވާލިއެވެ. ރީހާން އެ އަތްތިލައިގައި ބާރަށް ހިފާލިއެވެ. އަދި ޔަލާއާ ނަޒަރު ހަމަކޮށްލައިގެން އިރުކޮޅަކު އިންދާ ކުއްލިއަކަށް ޔަލާ އަމިއްލައަށް އަތްދަމައިގަނެއްޖެއެވެ. އަދި ވައަތުގެ ބޮޑުވައި އިނގިލީގެ ނުފުށުން ވައަތްފަރާތު ނިތްކުރިން ފެށިގެން ލޯކައިރިއާ ހަމައަށް އިނގިލި ހާކަންފެށިއެވެ. އަވަސް އަވަހަށް ދެ ލޯ މަރާލާފައި ހުޅުވާލައެވެ. އޭނާއަށް ކަމެއްވަނީ ކަމުގައި ރީހާންއަށް ހީވިއެވެ.
“އާ ޔޫ އޯކޭ.. ޔަލާ… ބޮލުގައި ރިއްސަނީތަ؟ ގެއަށް ދާންވީތަ؟” ކަންބޮޑުވެފައި ރީހާން އަހާލިއެވެ.
ޔަލާގެ ބޮލުގެ ތަންކޮޅެއްގައި ރިއްސަނީއެވެ. ހަމައެއާއެކު އޭނާގެ ހަށިގަނޑު ގޮވަނީ ރީހާންއާއެކު ބަދުއަޚުލާޤީ ގުޅުން ހިންގާށެވެ. ނޭނގޭ ބާރަކާއި ޔަލާ ހަނގުރާމަ ކުރާން ފެށިއެވެ. އޭނާގެ ހަށިގަނޑަށް ބަދަލުތައް އަންނަނީއެވެ. ނޭވާ އަވަސްވަނީއެވެ. އަމިއްލަ ނަފްސަށް އޮތް ކުޑަކުޑަ ބާރާއެކު ޔަލާ ތެދުވިއެވެ.
“ފާޚާނާއަށް… އަންނާނަން” ޔަލާ މިހެން ބުނެލުމާއެކު ކެފޭގެ ފާޚާނާއަށް އައިސް ވަނެވެ. އަވަސްއަރުވާލާފައި ލައިގެން ހުރި ޖިންސު ބޭލުނީ ކިރިޔާއެވެ. ހީވީ ގަޔަށް ހީސްލެވުނީހެނެވެ. ނަމަވެސް ހީސްވަހެއް ނުދުވިއެވެ. ހޯސްލާފައި ފެން އޮހެނީއެވެ. ހުއްޓުމެއްނެތެވެ. ފާޚާނާތަށިމަތީ ޔަލާ އިށީނެވެ. އޭރު އޭނާ ބިރުވެސް ގަނެއްޖެއެވެ. އަތްފައި ތުރުތުރު އަޅަން ވެސް ފަށައިފިއެވެ. ހަދާނޭ ގޮތެއް ނޭނގި ރޮވިއްޖެއެވެ.
“ޕްލީޒް… ޕްލީޒް…. ސްޓޮޕް އިޓް…. ސްޓޮޕް އިޓް….” ބިރުން ތުރުތުރު އަޅަމުންދިޔަ ދެތުންފަތުން އާހެއްގެ ގޮތުގައި ޔަލާގެ އާދޭހުގެ އަޑު ނުކުތެވެ. އެހިނދު ހިތްހުއްޓޭހާ ބާރަށް ކަންފަތްދޮށުން ތޫލި އަޑަކުން އަންހެނަކު ހޭންފެށިއެވެ. އެއާއެކު ޔަލާގެ ހަށިގަނޑު ހުއްޓިއްޖެއެވެ. ދެ ލޯ ހުޅުވައިގެން އިންއިރު އޭނާއަށް އިހުސާސްވެއެވެ. އެއްވެސް މީހަކު ނުފެނެއެވެ. އެހެންނަމަވެސް ނުފެންނަ ފަރާތަކުން އޭނާގެ ހަށިގަނޑުން އުފާ ހޯދަމުން ދިޔައެވެ. ގަނޑުވެފައި އޮތް މީހެއްހެން ކަޅި ހިންގާލާ އެސްފިޔަޖަހާލުމުގެ ބާރު ވެސް ނެތިފައި ފާޚާނާ ތަށިމަތީ ފާޑަކަށް ޔަލާ އިނެވެ. ރޮމުންދިޔައިރު ވެސް ޔަލާގެ ލޮލުން ކަރުނަތިއްކެއްހާ ހިސާބު ވެސް ނުވެއްޓުނެވެ.
“ޔަލާ…. ޔަލާ… އޯކޭތަ ހުރިހާ ކަމެއް…” ފާޚާނާގެ ދޮރުގައި ރީހާން ޓަކި ޖަހާލިއެވެ. އެހިނދު ފާޚާނާ ތަށިމަތީ އިން ޔަލާ ހަކަތަ ހުސްވެފައިވާ މީހަކު ފަދައިން މަޑުމަޑުން ކަރު އަނބުރާލާ ދޮރާ ދިމާއަށް ބަލާލިއެވެ.
ދެތިން ފަހަރަށް ރީހާން ޓަކިދިން ފަހުން ޔަލާ ފާޚާނާއިން ނުކުތެވެ. ރީހާންއާ ފަނޑު ހިނިތުންވުމެއް ބަދަލުކޮށްލާފައި އޭނާއާއެކު އައިސް މޭޒުގެ ދޮށުގައި އިށީނެވެ. އަދި މަޑުމަޑުން އޮރެންޖު ޖޫސްތަށި ބޯލުމާއެކު ރީހާންއާ ވާހަކަދެއްކިއެވެ.
“ހިނގާ ގެއަށް ދާން…”
“ޔަލާ އުޅޭގޮތުން އަހަރެން ކަންބޮޑުވޭ…” ރީހާން ބުނެލިއެވެ.
“ސޮރީ… ދެން އެހެނެއްނުވާނެ…” ޔަލާގެ ކުރިއަށްވުރެ ހުދުވެފައިވާ މޫނަށް ރީހާން ބަލަން އިނީ ކަމެއް ދެނެގަންނަން ބޭނުންވެފައެވެ.
“އޯކޭ… ހިނގާދާން… އެކަމަކު ބުނަން… ޑިއުޓީއަށް ނުކުންނަ ގޮތަށް ޓެސްޓު ހަދަން އަހަރެން ބޭނުން… އަހަރެންގެ ހިތް ހަމަ ބުނަނީ ޔަލާގެ ހަށިގަނޑުން ލޭ މަދުވަނީއޭ…”
“ވެދާނެ… ދެން ދިމާވީމަ ޓެސްޓު ހަދާނީ ދޯ…”
ކައުންޓަރު ކައިރިއަށް ގޮސް ބިލަށް ފައިސާ ދައްކާފައި ރީހާން ނުކުންއިރު ފުޅާދުވާރުގައި މަގަށް ވީ ފަރާތުގައި ޔަލާ މަޑުކޮށްލައިގެން ހުއްޓެވެ. ހަޝަމް ބަދެލައިގެން އިސްޖަހާލައިގެން ހުރިއިރު ކޮންމެވެސް ކަމަކަށް އޭނާ ގެއްލިފައި ހުރި ކަހަލައެވެ. ރީހާން އައިސް މަޑުމަޑުން ޔަލާއަށް ގޮވާލާފައި ބޮލުން އިޝާރާތްކޮށްލީ ހިނގައިގަތުމަށެވެ. ކާރުގައި ވެސް ޔަލާ އިނީ ހިމޭންވެފައެވެ. އެހެންނަމަވެސް އޭނާ ސިއްރުން ރީހާންއަށް ބެލިއެވެ. އެ މޫނުމަތިން ނުތަނަވަސްކަން ފައުޅުވަމުންދިޔައެވެ.
“ސޮރީ… އިޓްސް އަ ބޭޑް ޑޭ ފޯ މީ…” އުނގުގައި ދެއަތްތިލަ ޖޯޑުކޮށްލައިގެން އިނދެ އެ އަތަށް ނަޒަރު ހުއްޓާލައިގެން އިނދެ ޔަލާ ބުނެލިއެވެ.
“އަހަންނަށް ތިހެން ހީވިއޭ… ކޮބާތަ މައްސަލައަކީ…” ރީހާންއަށް މިހާރު އޭނާގެ ގާތުގައި އޭނީ، އޭނާއަށް އެނގޭ ޔަލާކަން އެނގުމުން ހިތްހަމަޖެހުމުގެ ނޭވާއެއް ލިއެވެ.
“ޕާސަނަލް… މިވަގުތު ބުނެވޭކަށްނެތް… ޕްލީޒް…” ރީހާންއަށް ޔަލާ ބަލާލިއިރު އެ ދެ ލޮލުގައި ވަނީ ކީކޭކަމެއް ދެނެގަންނާކަށް ނޭނގުނެވެ. ފުންވަމުންދިޔަ ހިތާމައާއި ބިރުވެރިކަން ރީހާނަކަށް ޔަލާގެ ދެލޮލުން ނުފެނުނެވެ. އޭނާ ލުއި ހިނިތުންވުމެއް ބަދަލުކޮށްލާފައި ބޯޖަހާލިއެވެ.
“އިޓްސް އޯކޭ… އަހަންނަށް އެނގޭ ޔަލާއަކީ ސްޓްރޯންގ ކުއްޖެއްކަން… ކޮންމެ ކަމެއްވިޔަސް އެކަމަށް ހައްލު ހޯދާނެ… ބަޓް ރެމެމްބަރ… ރަޙުމަތްތެރިއެއްގެ އެހީ ބޭނުންވެއްޖެ ހިނދެއްގައި އަހަރެން އަބަދުވެސް ހުންނާނަން…” ރީހާން މިހެން ބުނުމުން ޔަލާ ބޯޖަހާލިއެވެ. އަދި ދޮރުގައި ބޯޖައްސާލައިގެން އިނދެ ދޮރުފަތުގެ ބިއްލޫރިގަނޑުން ބޭރަށް ނަޒަރު ހުއްޓާލައިގެން ޔަލާ އިނެވެ.
* * * *
ޒަރަސްމެން ބޭނުންވި ފަދައިން ޒަލަފްގެ އަޒުމު ފުނޑުފުނޑުކޮށްލާ އޭނާގެ ނަފްސު ބަލިކަށި ކޮށްލިއެވެ. ނަފްސާނީ ގޮތުން ޒަލަފްއަށް ކުރަމުން ދިޔަ އަސަރުގައި އޭނާއަށް ދާންވީ މިސްރާބު އޮޅިފައިވާ ކާހަލައެވެ. އަނދިރިކަމުން ފުރިގެންވި ފާރުތަކުގެ ތެރޭގައިވާ ހިމޭންކަން ފޫދުއްވާލަނީ ޒަލަފްގެ ދެފައިގައިވާ ހިލިހިލާ ތެޅުންމަތީ ހޭކިލާ އަޑުންނެވެ. އޭނާއަށް އެހީވާން އަބްދުއްރަޢޫފު ވެސް ބޭނުންނުވާކަމުގައި ޒަލަފްއަށް ވިސްނިއްޖެއެވެ. ދުނިޔެއިން މުޅި މީހާ ބާކީވެފައި އޮތް ކަހަލައެވެ. އުއްޑުން ތަޅުންމަތީ އޮތް ޒަލަފްގެ ލޮލުގެ ހިމަކޮޅުން އޭނާ އޮތް ކޮޓަރީގެ ދޮރު ހުޅުވުނުތަން ފެނުނެވެ. އިރުއޮއްސުނީކަން އެނގުނެވެ. ޚާދިމަކު އައިސް ބިގަރު ދިއްލީއެވެ. އެހެންނަމަވެސް އޭނާ އެނބުރި ދަމުން އެ ކޮޓަރީގެ ދޮރެއް ނުލެއްޕިއެވެ. ވާން މިއުޅޭނީ ކިހިނެއްބާއޭ ހިތާ ޒަލަފް ތެދުވެ އިށީނެވެ. ގިނައިރެއް ނުވެ އޭނާއަށް ފެނުނީ ބެހެމަތް ވަދެގެން އައިތަނެވެ. އޭނާ ކޮޓަރީގެ ދޮރުލައްޕާލިއެވެ. އަދި ޒަލަފްއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. މަޑުމަޑުން ތެދުވެ ޒަލަފް ފަހަތަށް ޖެހެމުން އައިސް ފާރުގައި ލައްވެލިއެވެ.
“އަހަރެން ނުބުނަންތަ އެ މީހުން ކޮންމެގޮތަކުން ވެސް ޒަލަފް ގެންނާނެއޭ… އަމިއްލައަށް ތިއަނިޔާ ހޯދަނީ… މިހާރު ވެސް އަހަންނާ ކައިވެނިކޮށް އަހަރުމެންގެ ތެރޭ ދިރިއުޅެން އެއްބަސްވެ ބަލަ… އޭރުން ޒަލަފްއާ އަރާމުގައި އުޅޭނެ މީހަކު ނުހުންނާނެ” ބެހެމަތް ވާހަކަދެއްކިއެވެ.
“އަހަރެން މަރުވުން ވެސް މާ ރަނގަޅު ކަލެއާ އިނުމަށްވުރެ… އެއްވެސް އިރެއްގައި އަހަރެން ކަލެއަށް ޝައުގުވެރިއެއް ނުވަން… ބޮޑުވަރަކަށް ވެސް މަރައެއްލެވޭނީ… އަހަންނަށް ވަރިހަމަ…”
“މިހެން އަހަރެން ހުރިއްޔާ ޒަލަފް އަހަންނާ ރުހޭނަންތަ؟” ބެހެމަތް މިހެން ބުނުމާއެކު ކުއްލިއަކަށް ޒަލަފްގެ ލޮލަށް ފެނުނީ ޔަލާއެވެ. ހަށިގަނޑުގައި އެއްވެސް ފޭރާމެއް ނެތިއެވެ.
“ބެހެމަތް…” ދަތްކުނޑި ވިކައިގަތުމާއިއެކު ޒަލަފް ހަޅޭލަވައިގަތެވެ. ރުޅިވެރިކަމުގެ ބާރު ހަޅޭކުން އެ ކޮޓަރީގެ ހަތަރުފާރު ވެސް ގުޑުނު ކަހަލައެވެ. ނަމަވެސް ބެހެމަތްގެ އަނގައިން އިވިގެން ދިޔައީ ލޭނެތް ހުނުމެއްގެ އަޑެވެ.
“ކަމަކު ނުދޭތަ… ޒާލް…” ބެހެމަތްގެ އަޑުން ޒާލްއޭ ބުނެލުމުން ޒަލަފްގެ ހިތަށް ނޭނގޭ ބިރުވެރިކަމެއް ވަދެގެން ދިޔައެވެ. ހަމައެއާއެކު އޭނާއަށް ފުންއަސަރުތަކެއް ކުރެވިގެންދިޔައެވެ. އޭނާގެ ޚަބަރެއް ނުވެގެން ޔަލާ ހާސްވެފައި ހުންނާނެ ވަރު ހިތަށް ވަނުމާއެކު ވޭނީ އާހެއް ނުކުމެގެން ދިޔައެވެ. ބެހެމަތްގެ ނުބައި ސަމާސާ ދުށުމަށް ނޭދޭތީ ޒަލަފް މޫނު އަނބުރާލިއެވެ.
“އަހަރެން މުޅި އުމުރު ވެސް މި ސިފައި ހުރެދާނަން… ކީއްވެ މޫނު އަނބުރާލީ… ބަލާބަލަ… އެންމެ އައިބެއް ވެސް ނެތެއްނު… އެހާ ފުރިހަމައެއްނު… އެންމެ އިސްތަށްޓެއް ވެސް ތަފާތެއްނެތެއްނު… ޒާލް! ބަލާލަބަލަ… އަހަރެންގެ ބަނޑުގައިވާ ޒާލްގެ ދަރިފުޅު ބޭނުންތަ؟” ބެހެމަތް މިހެން ބުނެލުމާއެކު އަނެއްކާ ވެސް ވިހަ ގޮތަކަށް ހޭންފެށިއެވެ. ސިހިގެން ދިޔަ ޒަލަފްގެ ނަޒަރު ބެހެމަތްއަށް އެހިނދު ހުއްޓުނެވެ.
“ކޮން ދަރިއެއް… ކަލޭ މޮޔަވީތަ؟ ތި ހުރިހާ ކަމެއް ކުރުމުގެ ބޭނުމަކީ ކޮބާ؟ މިތަނަށް އައީ ކީއްކުރަން؟” ހިތްހަމަނުޖެހިފައި ހުރެ ޒަލަފް ހަރުކަށިކޮށް ބުންޏެވެ. ނަމަވެސް ބެހެމަތް އެންމެ ފަހުން އެ ބުނި އެއްޗެއް ޒަލަފްގެ ސިކުނޑިއަށް އުނދަގޫ ކުރުވިއެވެ. ބެހެމަތް އެ ދައްކަނީ ކޮންދަރިއެއްގެ ވާހަކަބާއޭ ޒަލަފްގެ ހިތަށް އެރިއެވެ. ހަމައެއާއެކު ޔަލާ އިނީ ބަލިވެކަމާމެދު އަމިއްލަ ޟަމީރު ސުވާލު އުފެއްދިއެވެ. އެހެންނަމަވެސް ބެހެމަތްގެ ވާހަކަތަކަށް ޒަލަފްއަށް އިތުބާރެއް ނުކުރެވެއެވެ.
“މޮޔަވީހޭ؟ އަދިކިރިޔާ އަހަރެންގެ މޮޔަކަން މި ރަނގަޅުވީ… މި ހުރިހާ ދުވަހު އުޅުނީ މޮޔައެއްހެން… އެކަމަކު ދެނެއް އެހެނެއްނުވާނެ… ޒަލަފްއަށް ޖެހޭނީ އަހަންނާ ކައިވެނިކުރާން… އެހެންނޫނީ…”
“އެހެންނޫނީ ކީއްކުރާނީ…” ބެހެމަތް ބުނަން އުޅުނު އެއްޗެއް ނުބުނެ ހުއްޓާލާފައި މަޢުނަވީ ގޮތަކަށް ޒަލަފްއަށް ބަލާލުމުން އޭނާ ސުވާލުކުރިއެވެ.
“ޒަލަފް އެ އިންސާނާއާއެކު އުޅޭގޮތް އަހަންނަށް ނޭނގޭކަމަށްތަ ހީކުރަނީ… ޒަލަފްއަކަށް ނޭނގޭތަ ތީ އަހަރެންގެ ހައްޤެއްކަމެއް… މާކުރީންސުރެން ވެސް އަހަރުމެން ދެ މީހުންގެ ކައިވެނި ހަމަޖެހިފައި އޮތްކަން ހަނދާންނުކޮށްދެންތަ؟… އަހަންނާއި ޒަލަފް މާ އެކަށީގެންވޭ… އަހަރުމެން ދެ މީހުންނަކީ އެއްނަސްލެއްގެ ދެ މީހުން… އެ އިންސާނާއަށްވުރެ ޒަލަފްއަށްޓަކައި އަހަރެން މާގިނަ ޤުރުބާނީވީން… ދިގު އިންތިޒާރެއް ކުރީން… ޒަލަފް!… އަހަރެން މަޑުމަޑުން ވަރަށް ދުވަހު ހުރެފިން… ދެނެއް ގަސްދެއްނުކުރަން މަޑުމަޑުން ހުންނާކަށް… އަހަރެން ވެސް އަހަރެންގެ ހައްޤު ހޯދާނަން…”
“ކަލޭ ޔަލާއާ ދުރުގައި ހުންނާތި… އޭނާއަށް ކުޑަ ވެސް ގެއްލުމެއް ކަލޭމެންގެ ފަރާތުން ލިބިއްޖެނަމަ އަހަރެން ހުވާ ކުރަން… މިތަނުން ސަލާމަތްވެ ކަލޭމެން އެންމެންގެ ދުވަސް ދުއްވާލާނަން… ޚާއްޞަކޮށް ކަލޭ… އަހަރެން ވެސް ލައްކަ ފަހަރު ބުނެފިން އަހަރެންގެ ޝައުގުވެރިކަމެއް ކަލެއަކަށް ނެތޭ… އަހަންނަކީ ކަލޭގެ ހައްޤެއްނޫން… ދުވަހަކު ވެސް ކަލޭގެ ހައްޤަކަށް އަހަރެން ހޭ ހުރެ ނުވާނެ…” ރުޅި އައިސް ރަތްވެފައި ހުރެ ޒަލަފް ހަޅޭލަވައިގަތެވެ. އެއާއެކު ބެހެމަތް ފެށީ ހޭށެވެ.
“އަހަންނަށް ހީވަނީ އަހަރެން މި ސިފައިގައި ހުރީމަ ޒަލަފްއަށް ކަމުދާންފަށައިފިހެން… ޒާލް… މަގޭ ޒާލް…. އޯ ޒާލް… އަހަރެން ބަނޑުގައިވާ ދަރިފުޅު މަރާލާނަން… ޒާލްގެ ދަރިއަކު އުފަންކުރާނީ ހަމައެކަނި ބެހެމަތް…” ޒަލަފްގެ ކުރިމަތީ ޔަލާގެ ހަރަކާތްތައް ކޮށްލުމާއެކު ބަނޑުގައި ފިރުމާލަމުން އިހުނަށްވުރެ ބާރަށް ބެހެމަތް ހޭންފެށިއެވެ. އޭރު އޭނާގެ ދުލުން ބޭރުވެގެން ދިޔަ ބަސްތައް ޒަލަފްގެ ހިތާއި ސިކުނޑީގައި ބިންވަޅުނެގިއްޖެއެވެ.
“ޔަލާ… އަހަންނަށް…. ޔަލާ ބަލިވެއިނީތަ؟” ކޮޓަރިތެރެ އެނބުރިގަތްހެން ހީވުމާއެކު ޒަލަފް ދެ ލޯ މަރާ ބާރުކޮށްލިއެވެ. އޭރު އޭނާގެ ޟަމީރާ ތަކުރާރުކޮށް ކުރެވެމުންދިޔައީ އެއް ސުވާލެކެވެ. ކުއްލިއަކަށް ޒަލަފްގެ ހިތްވަރު އައުވެގެންދިޔައެވެ. ޔަލާއަށްޓަކައި އޭނާ އެތަނުން ސަލާމަތްވާން އެބަޖެހެއެވެ. ކޮންމެ ހާލެއްގައި ވިޔަސްއެވެ. ބެހެމަތްގެ ނުބައިކަން ޔަލާއާ ހަމައަށް ފޯރަފާނެތީ އެކަމާ ޒަލަފްގެ ހިތް އޮތީ ބިރުން ސިހިސިހިއެވެ. ބެހެމަތްގެ ވާހަކަތަކުން އޭނާގެ ހިތުގައި ޔަލާގެ މައްޗަށް ކުޑަވެސް ހަމްދަރުދީއެއް ނެތްކަން ޒަލަފްއަށް ޔަޤީންވެއެވެ. މިވަގުތު ޔަލާ ރައްކާތެރިކުރެވޭނީ ހަމައެކަނި ޒަލަފްއަށެވެ. ތެޅި ފޮޅިގެންފައި ފައިގާވާ ހިލިހިލާގަނޑަށް ލުއްކެއް ޖެހިއެވެ. ނަމަވެސް އެއަށް ލޮޅުން އަރާލުން ފިޔަވައި އިތުރުކަމެއްނުވިއެވެ. އެ ހިލިހިލާގަނޑުން ސަލާމަތްވުމަކީ ފަސޭހަކަމަކަށް ނުވާނޭކަން ޒަލަފްއަށް އެނގެއެވެ. ލިބިގެންދިޔަ ނުތަނަވަސްކަމާއެކު ޒަލަފްއަށް އިސްޖަހާލެވުނެވެ.
ޒަލަފްއަށް ދޭން އައި ޚަބަރު ސާފުވެއްޖެކަމުގެ ހެއްކަކަށް އޭނާއަށް ލިބިފައިވާ ހިމޭންކަމާއި އިސްޖަހާލައިގެން ހުރި ގޮތް ބެހެމަތްއަށް ފުދުނެވެ. އެހެންނަމަވެސް އަމިއްލަ ހިތާއި ސިކުނޑީގައި އުފެދިފައިވާ ހައިޖާނަށް ނިމުމެއްނައެވެ. ޒަލަފް ދެކެ އެއަށްވުރެ ބޮޑަށް ބެހެމަތް ހުރީ ރުޅި އައިސްފައެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި ޔަލާއަށް ލިބިފައިވާ ހައްޤަކީ އޭނާގެ މިލްކެކެވެ. މާކުރިން ވެސް ބެހެމަތްގެ ހައްޤަކެވެ. ހަމައެކަނި އޭނާއަށް ލިބެންޖެހޭނެ މަޤާމެކެވެ. ހިތްދަތިކަމުގެ ވޭން ބެހެމަތްގެ ނަފްސުގައި ރުޅިވެރިކަމާއި ނަފުރަތާއި ހަސަދައިގެ ގިނި ރޯކުރިއެވެ. މިއަދު އޭނާ ޒަލަފްގެ ކުރިމަތީ އެ ފަދަ ގޮތްދޫނުކުރާ ދަރަޖައެއްގައި ހުއްޓި އެ ހުރީ އެހެންވެއެވެ. ބޭނުމަކަށްވަނީ ޒަލަފްގެ ހަޔާތުން ޚާއްޞަކަމެއް ދޭ ކޮންމެ މީހަކު މި ދުނިޔެއިން ނެތި ފަނާކޮށްލާށެވެ. ޒަލަފްއަކީ ހަމައެކަނި އޭނާގެ މިލްކެއްކަމުގައި ހަދާށެވެ.
“މި ދުނިޔެއިން އަހަރެން ލޯބިވާނެ ހަމައެކަނި މީހަކީ ޔަލާ… އެއީ އިންސާނަކަށް ވިޔަސް އަހަންނަށް މައްސަލައެއްނެތް… އަހަރެންގެ ފުރާނަ ވެސް އެ އިންސާނާއަށްޓަކައި ޤުރުބާން ކުރާނަން… މީ އެއްވެސް މީހަކަށް ބަދަލުކުރޭވެނެކަމެއްނޫން… ބެހެމަތް، ކަލޭ ކިތަންމެ ބާރުގަދަޔަސް އަހަރެންގެ ހިތުގެ ނިންމުން ބަދަލެއް ނުކުރެވޭނެ… އެ ހިތުގައި ޔަލާއަށް ދީފައިވާ މަޤާމު ދުވަހަކު ވެސް އަތެއްނުލެވޭނެ… ކަލޭ ޔަލާއަށް ގޯނާއެއް ކޮށްފިނަމަ އަހަރެންގެ ފަރާތުން ނަފުރަތު ނޫން އެއްޗެއް ކަލެއަކަށް ނުލިބޭނެ…” ޒަލަފްގެ އަޑުގައިވަނީ އާދަޔާ ޚިލާފު މަޑުމައިތިރިކަމެކެވެ. ހާމަނުކުރި ނަމަވެސް ބެހެމަތްގެ ކިބައިން ޒަލަފް އާދޭސްކުރާ ކަހަލައެވެ. ޔަލާއަށް ގޯނާއެއް ނުކުރުމަށެވެ.
“ޒަލަފްގެ ފަރާތުން ނަފުރަތު ވެސް ބަލައިގަންނަން އަހަރެން މިހިރީ ތައްޔާރަށް… އެހެންނޫނަސް ނަފުރަތަކީ ވެސް ލޯބީގެ ސިފައެއްކަމުގައި އަހަރެން ދުށީ… މުޅި އުމުރު ޒަލަފްގެ ނަފުރަތު ލިބިލިބި ހުރެދާނަން… އޭރުން ޒަލަފް ހުންނާނީ އަހަރެންގެ ގާތުގައި… އަހަރެންގެ މީހެއްގެ ގޮތުގައި…”
ޒަލަފް އިތުރަށް އެއްޗެއް ނުބުނެ ހުންނަން ފެށުމުން ބެހެމަތް އޭނާގެ އަސްލު ސިފައަށް ބަދަލުވިއެވެ. އަދި ދަތްކުނޑި ވިކައިގެން ހުރެ ދޮރު ހުޅުވާލާ އެ ކޮޓަރިން ނުކުމެގެން ދިޔައެވެ. ތޫލިއަޑަކާއެކު ދޮރުލެއްޕި ހިމޭންވުމާއެކު ޒަލަފްއަށް ހުރި ދިމާ ތިރީގައި އިށީނދެވުނެވެ. ފާރުގައި ބުރަކަށި ޖައްސާލުމާއެކު ކުރުކޮށްލެވިފައިވާ ވައަތު ފައިގެ ކަކުލުގައި ވައަތް އަޅުވާލައިގެން ފިކުރަކަށް ގެއްލިފައި އިންހެން ޒަލަފް އިނެވެ.
“ފަޅި ސިކުންތެއް ވެސް ބޭކާރު ކުރެވޭކަށް ދެންނެތް… އެހެންނޫނީ އަހަންނަށް އަހަރެންގެ އަމިއްލަ ނަފްސަށް ވެސް މާފުނުދެވޭނޭވަރު ދެރަކަމެއް ޔަލާއަށް މެދުވެރިވެދާނެ… އަވަސްކުރަންވީ… ޔަލާ މިހާރު އަހަރެން ހޯދާނެ… އަހަރެން އޭނާގެ ގާތަށް ދާންޖެހޭނެ… ކޮންމެ ގޮތަކުން ވެސް ދާންޖެހޭނެ…” ޒަލަފްގެ ސިކުނޑީގައި އޭނާގެ ޟަމީރުގެ އަޑު ގުގުމަމުންދިޔައެވެ.
* * * *
ލާނެތް ހުނުމަކާއެކު ދަޔާންގެ ކޮނޑުގައި ޖަހާލާފައި ސައިކަލުން ފައިބައިގެން އައިސް ލުހާ ގެއަށް ވަނެވެ. އޭރު މުޅި ގޭތެރެ އޮތީ ހިމޭންވެފައެވެ. ގޯތި ތެރޭގައި ދިއްލާ ބޮކި ވެސް ހުރީ ނުދިއްލައެވެ. އެހެންވެ ސިޓިންރޫމުން އެތެރެއަށް ވަނުމާއެކު ލުހާ ސުވިޗު ޖައްސާލިއެވެ. އަދި އައި ގޮތަށް އައިސް ޞާބިރާގެ ކޮޓަރި ހުޅުވާލިއެވެ. އެ ކޮޓަރީގައިވަނީ އަނދިރިކަމެވެ. އެއާއެކު ޞާބިރާ ގޭގައި ނޫޅެނީކަން އެނގުނެވެ. އެހެންވެ ލުހާ ސިޑިއާ ދިމާއަށް ހިނގައިގަތީ ޔަލާ ގޭގައި އުޅޭނެކަން އެނގޭތީއެވެ.
“ޔަލާ… ޔާލް…” ތަޅުލާފައި ހުރުމުން ތަޅުގައި ހިފާ އަނބުރާލަމުން ލުހާ ގޮވާލިއެވެ. ނަމަވެސް އަޑެއްބަޑެއް ނީވުނެވެ. ޔަލާ ނިދާފައި އޮތްކަމަށް ހީކޮށްފައި ދާން ލުހާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް ޔަލާއަށް އޮތީ ނިދިފައިތޯ ޔަޤީން ކުރުމަށް ލުހާގެ ހަވަނަ ޚިއްޞު ގޮވާލުމުން އަނެއްކާ ވެސް ޔަލާއަށް ގޮވަން ފެށިއެވެ. މިފަހަރު ދޮރުގައި ނިކަން ބާރަށް ޓަކިދޭން ފެށިއެވެ. ލުހާ ގޮވާތާ އެތައް އިރެއްވީއިރު ވެސް ޔަލާ ދޮރުނުހުޅުވުމުން އޭނާގެ ހިތްބިރުގަންނަ ގޮތް ވެއްޖެއެވެ. ބަލަން ނުހުރެ ދުއްވައިގަތެވެ. އެ އައި ގޮތަށް އައިސް ޞާބިރާ ފަހާ ސަމާނު އަޅާފައި ހުންނަ ފޮށި ޓީވީ ރެކުމަތިން ނަގައި އޭގައި އޮތް ތަޅުދަނޑިފަތި ނެގިއެވެ. އެ ހިފައިގެން އަނެއްކާ ލުހާ ދުއްވައިގަތީއެވެ. ސިޑީގެ ހަރުފަތްތައް މަތިން ފުންމަމުން އައިސް ޔަލާގެ ކޮޓަރީގެ ތަޅުވަޅަށް ތަޅުދަނޑި ވައްދާލުމާއެކު އަނބުރާލިއެވެ. ހުޅުވިގެން ދިޔަ ދޮރާއެކު އެނދުގައި ޔަލާ އޮތްތަން ލުހާއަށް ފެނުނެވެ. ނިދާ ބޮކީގެ ފަނޑު އަލިކަން ވެރިވެފައި އޮތް ކޮޓަރިތެރެއަށް ލުހާ ވަންތަނާ ހުތްވަސް ފާޑުގެ ވަހެއް ނޭފަތުގައި ޖެހުނެވެ.
“ޔާލް! ނިދަނީތަ؟” ލުހާ ވާހަކަދައްކަމުން ކޮޓަރިއަށް ވަދެ ދޮރުލައްޕާލާފައި ހުދުއަލީގެ ބޮކި ދިއްލާލިއެވެ. އެހިނދު ބަންޑުން އެއްފަރާތަށް ބޯ އަނބުރާލައިގެން އޮތް ޔަލާ ރޮނީކަން ލުހާއަށް ފާހަގަވިއެވެ. އަވަހަށް އައިސް ޔަލާގެ މަގަތުން އެނދުގައި އިށީނދެ އޭނާގެ ބޮލުގައި ލުހާ ފިރުމާލިއެވެ.
“ޔާލް! ކީއްވެ ރޮނީ… ތަދުވަނީތަ ތަނަކަށް… ވާގޮތެއް ބުނެބަލަ… ހުންވައްތަރުވެފައެއްނު ތިހުރީ… ބޭހެއް ކައިފިންތަ؟” ލުހާ އިތުރަށް ކަންބޮޑުވީ ޔަލާ އޭނާގެ އުނަގަނޑުގައި ބައްދައިގަތުމާއެކު ބާރަށް ރޯންފެށީމައެވެ.
“ޔާލް! ޕްލީޒް… ވެގެން އުޅޭ ގޮތެއް ބުނެބަލަ… މަންމައަށް ގުޅަންތަ؟” ލުހާ މިހެން ބުނުމާއެކު ޔަލާ ދެފަރާތަށް ބޯހޫރާލިއެވެ. ދެން ހަދާންވީ ކިހިނެއްކަން ނޭނގި ލުހާއަށް ވެސް ޔަލާގެ ގައިގާ ހިފަހައްޓާލެވުނެވެ. އަދި އޯގާތެރިކަމާއެކު ޔަލާގެ ބޮލުގައި ފިރުމާލަ ފިރުމާލާ އިނެވެ.
“ޔޫ އޯކޭ…” އެންމެފަހުން ޔަލާ ތެދުވެ އުނދަގޫ ގޮތަކަށް އިށީންތަން ފެނިފައި ލުހާ އަހާލިއެވެ. އޭނާ ބޯޖަހާލަމުން ދެއަތުން ލޮލާއި ކޯތާފަތް ފުހެލިއެވެ.
“ވަރަށް ބޮލުގައި ރިއްސާތި މިއުޅެނީ… ހުންއަންނާތި ކަންނޭނގެ…” ކުރެހިފައިވާ އަޑަކުން ޔަލާ ވާހަކަދެއްކިއެވެ.
“ޔޫ އާ ސޯ ޕޭލް… ހިނގާބަލަ ޑޮކްއަށް ދައްކަން ދާން… އެހެން ބަލިބަލީގެ އިޝާރާތަކަށް ހުންއައުން ވެދާނެ… ނޫންތަ ޔާލް… ތީ ޑޮކްޓަރު… އެކަމަކު ޚިޔާލު ދޭން މިޖެހެނީ އަހަންނަށް… ހިނގާ ތިރިއަށް… ޖޫސްތަށްޓެއް ބޯލާ ބޭސްކާލަން…”
“ނޫން… މިތަނުން ތެދުވެގެން ދާހިތެއްނެތް… ޑްރެސިންގ ޓޭބަލް ވަތްގަނޑުގައި އޮންނާނެ ބޭސްކާޑެއް… އެ ގެނެސްދީ…” ވަރުބަލި ގޮތަކަށް ޔަލާ ބުންޏެވެ.
ކޮޓަރީގައި ހުރި ޕްލާސްޓިކު ފެންފުޅިއާއި ޔަލާ އެދުނު ފަދައިން ބޭސް ގުޅައެއް ލުހާ ގެނެސް ޔަލާގެ އަތަށް ދިނެވެ. އޭނާ ބޭސްގުޅަ ކާލައިގެން އެނދުގެ ފަޑީގައި ބުރަކަށި ޖައްސާލައިގެން އިނެވެ. ބަސްމަދުވެފައި އިންއިރު އެއްވެސް ދިރުމެއްނެތް ކަހަލައެވެ.
“ޔާލް… ވަރަށް ކުޑަކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޔާލްއަށް ވަރަށް ބޮޑު ބަދަލުތަކެއް އަތުއްވެއްޖެ… ޔާލް އަބަދުވެސް ހުރިހާ ކަމެއް އަހަންނާ ޝެއަރ ކުރޭ… އެހެންވީރު ކީއްވެ މިހާރު ދިމާވެގެން ތިއުޅޭކަންތައް ޝެއަރ ނުކުރާން ތި އިންނަނީ” ޔަލާގެ އެނދުގައި އެއްފައި އަރުވާލައިގެން އިށީނދެ އިން ލުހާ ބުންޏެވެ.
“އަހަންނަށް ވެސް ވާގޮތް އެނގިގެންނު އެހެން މީހަކަށް ކިޔައިދެވޭނީ…” ބަލި ގޮތަކަށް ޔަލާ ބުނެލިއެވެ. އޭނާ ފެންނަނީ އިންތިހާއަށް ވަރުބަލިވެފައި ވާތަނެވެ. ދެ ތުންފަތް ހިކި ކުރަކިވެފައި ވެއެވެ.
“ވާގޮތް ކޮންމެވެސް ވަރަކަށް ކިޔައިދީބަލަ… ޔާލް ފެންނަނީ މުޅިން ހުދުވަމުން އަންނަތަން… ބަލާލީމާ ވެސް އެނގޭ މީހާ ތިއިނީ ވަރުބަލިވެގެން ނޭވާލާން ވެސް އުނދަގޫވެފައިކަން” ޔަލާގެ އަތްތިލަ ނަގައި ފިރުމާލަމުން ލުހާ ބުނެލިއެވެ.
“ލުހާ… އަހަރެން… އަހަރެން މާ ބޮޑަށް ބްލީޑްވަނީ… އިޓްސް ނޮޓް ނޯމަލް… އަހަންނަށް ހީވަނީ ޑޮކްޓަރަށް ދައްކަން ދާންވީހެން… ބައެއްފަހަރަށް ހެލޫސިނޭޓް ކުރެވޭހެން ވެސް ހީވޭ… ހަޤީޤަތާ ޚިލާފު މަންޒަރުތައް ފެނި އިހުސާސް ކުރެވޭހެން ހީވަނީ… ބްލަޑްގެ މައްސަލައެއް ކަންނޭނގެ… އެކަމަކު މަންމައަށް އެނގިއްޖެއްޔާ މާބޮޑަށް ކަންބޮޑުވާނެ… އިހަށް ވެގެން އުޅޭގޮތެއް އެނގެން އަހަރެން ބޭނުން… އަހަންނާއެކު ލުހާ ދާންވީނު…”
“އޯކޭ… ޔާލް ޑޮކަށް ދައްކަން ހިނގައްޖެއްޔާ އިހަށް މަންމަ ގާތު އެއްވެސް އެއްޗެއް ނުބުނެ ހުރެދާނަން… އެކަމަކު މިރޭ މިވަގުތު ހިނގާ ދާން… ދެން އިތުރަށް މަޑުކުރާކަށް އަހަންނަކަށް ނުފެނޭ… ޖަސްޓް ލުކް އެޓް ޔޫ…”
ލުހާގެ އެހީގައި ތައްޔާރުވެގެން ޔަލާ ކޮޓަރިން ނުކުތެވެ. ބޯއަނބުރާ ހޮޑުލަވާހެން ވެސް އޭނާއަށް ހީވެއެވެ. ނަމަވެސް ހިތްވަރުކޮށްފައި ލުހާއާއިއެކު ގެއިން ނުކުމެ ޓެކްސީއަށް އެރިއެވެ. ހޮސްޕިޓަލަށް ޔަލާ ގޮވައިގެން އައިސް ލުހާ ވަނުމާއެކު އެ ތަނުން އެންމެން ކަހަލަ ގޮތަކަށް ޔަލާ ދަނެއެވެ. ކޮންމެ މީހަކު ހައިރާންވެފައި ޔަލާއަށް ވީގޮތެއް އޮޅުން ފިލުވަން އުޅެއެވެ. ޑޮކްޓަރ ވިޖޭއާ ދިމާވީ ނަންބަރު ޖެހެންދެން މަޑުކޮށްލައިގެން އެމީހުން ތިއްބައެވެ. އޭނާ އައިސް ޔަލާއަށް އެހީވިއެވެ. އަވަސްފަރުވާދޭ ބަޔަށް ޔަލާ ގެންގޮސް ބޭއްވުމާއެކު އޭނާއަށް ވަގުތުން ފަރުވާ ދިނުމުގެ ކަންކަން ވިޖޭ ހަމަޖެއްސިއެވެ. ވަރުދެރަވެފައިވާ ޔަލާގެ ގަޔަށް އައިވީއެއް ގުޅުމާއެކު އޭނާގެ އެނދު ކައިރީ ލުހާ މަޑުކޮށްލައިގެން އިނެވެ. ގަޑިއެއްހާއިރު ފާއިތުވެ ދިޔައިރު ވެސް ޔަލާ ދޫކޮށްލާކަށް ޑޮކްޓަރުން ގަސްދެއް ނުކުރެއެވެ. ޓެސްޓުތަކުގެ ނަތީޖާ ލިބެންދެން އަވަސްފަރުވާދޭ ބައިގައި ޔަލާ ބާއްވަން ހަމަޖެހިފައި އޮތްކަން ނަރުސް ކުއްޖެއްގެ ފަރާތުން އޮޅުންފިލިއެވެ. އެކަކު އަނެކަކާ ވާހަކަދައްކަން ދެބެން ތިބިއިރު އެ މީހުންގެ ސަމާލުކަން އަތުލީ ޔަލާއަށް މީހަކު ގޮވާލުމުންނެވެ. އެހިނދު ޔަލާގެ މޫނުމަތިން ނުތަނަވަސްކަން ފައުޅުވެގެން ދިޔައެވެ.
ލުހާ އިން ގޮނޑިން ތެދުވަން ވާއިރަށް އެމީހުންގެ ގާތުގައި މަޑުކޮށްލި ޒުވާނާ އައިސް އެނދުގެ އެއްފަރާތުން ޔަލާގެ ގާތުގައި ހުއްޓިލައިފިއެވެ.
“ރީހާން…” ވަރުނެތި ކުރެހިފައިވާ އަޑަކުން މަޑުމަޑުން ޔަލާ ގޮވާލިއެވެ.
“ވިޖޭ ގުޅީ…. އޭނަ ބުނީ ޔަލާ ވަރަށް ހާލު ބޮޑުވެގެން އެމަޖެންސީގައި ބާއްވާފައި އެބައޮތޭ” ރީހާންގެ ލޮލުގައިވާ ނަންބަރު އައިނު ރަނގަޅުކޮށްލަމުން ޔަލާއަށް އޮޅުން ފިލުވައިދިނެވެ.
“އަހަންނަށް މާބޮޑުކަމެއްނުވޭ… ޑޮކްޓަރ ވިޖޭ ކަންބޮޑުކުރަނީ…” ޔަލާ ހިނިތުންވެލަން މަސައްކަތްކުރިއެވެ.
“ޔަލާ ބައްޔެއްވާނުވޭ… ޔަލާގެ ކޮއްކޮއަށް ވެސް އެކަން އެނގޭނެކަންނޭނގެ ދޯ… ކޮބާ މަންމަ؟” ރީހާން ޤަބޫލުނުކުރާފަދަ ރާގެއްގައި ވާހަކަދައްކަމުން ލުހާގެ ގާތުން ޞާބިރާ ކޮބާތޯ އަހާލިއެވެ.
“މަންމަވީ ކޮމިޓީގެ މީޓިންއަކަށް ގޮސް… ޔާލްއަށް ވެގެންވާނަމަ އަދިވެސް ހޮސްޕިޓަލަކަށް ނާންނާނެ…” ލުހާ ވެސް ރީހާންއާ އެއްބައިވެލިއެވެ.
ޔަލާ މާގިނަ ވާހަކައެއް ނުދެއްކިއެވެ. ރީހާންއާއި ލުހާގެ ވާހަކަތައް އަޑުއަހަން އޮއްވާ މަޑުމަޑުން ޔަލާއަށް ނިދިއްޖެއެވެ. ހަމަނިދި ނުލިބިފައިވާ ޔަލާއަށް ފުރަތަމަ ފަހަރަށް އަރާމު ނިންޖެއްގެ ހިތްހަމަޖެހުން ލިބެމުންދިޔައެވެ. ނަމަވެސް އެ ހަމަޖެހުން ދެމިގެންދާނީ ކިހާ އިރަކުކަމެއް ނޭނގެއެވެ. ޞާބިރާގެ ފޯނުކޯލު ޔަލާގެ ފޯނަށް އައުމާއެކު އެ ފޯނު ހިފައިގެން ލުހާ އެއްފަރާތަށް ޖެހިލިއެވެ. އެހިނދު އެ ތަނުގައި ޔަލާގެ ފައިލާކޮޅުގައި އެނދުގައި އިށީނދެގެން އިން ރީހާންގެ ނަޒަރު ޔަލާއަށް ހުއްޓުނެވެ. އެ މޫނުމަތިން ޔަލާއާ މެދު ކަންބޮޑުވެފައިވާ ވަރު ފައުޅުވަމުންދިޔައެވެ. މަޑުމަޑުން އައިވީ ގުޅާފައިވާ ޔަލާގެ އަތުގައި ރީހާން ފިރުމާލިއެވެ.
“މި ފަދަ ވަގުތެއްގައި ޔަލާގެ ބޯއިފްރެންޑް ކޮބާބާ؟ ޔަލާއަށް މިހެންވެގެން މިއުޅެނީ އޭނާގެ ސަބަބުން ކަންނޭނގެ… ރަނގަޅު މީހެއްނަމަ ޔަލާއަށް މިހާލު ޖެހެންދެން ނުހުންނާނެ… އެއަށްވުރެ ކުރީން ޔަލާއަށް ފަރުވާދޭން މަސައްކަތްކުރާނެ… މިވަގުތު ޔަލާގެ ގާތުގައި އޭނާ ހުރުން އެހެން އެއްވެސް މީހަކަށްވުރެ ވެސް މުހިންމުވާނޭކަން އޭނާއަށް ނޭނގެނީބާ؟” ރީހާންގެ ސިކުނޑީގައި ސުވާލުތައް ފުނިޖެހެމުންދަނިކޮށް އެ ޚިޔާލުތައް ބުރުއްސާލީ އެތަނަށް އައި ލުހާއެވެ.
“މަންމަ އެ ގުޅީ… އެބައަންނަމޯ ބުނީ…” ކުރިން ވެސް އިން ގޮނޑީގައި އިށީންނަމުން ލުހާ ވާހަކަދެއްކިއެވެ.
“ލުހާ… ކޮބާ ޔަލާގެ ބޯއިފްރެންޑް” ރީހާން ކުރި ސުވާލުން އިރުކޮޅަކު އޭނާއަށް ބަލަހައްޓައިގެން ލުހާއަށް އިނދެވުނެވެ.
“ޒާލްއަށް ނޭނގޭތަ ޔަލާ ބަލިވެ އުޅޭކަމެއް…. އެ ދެ މީހުން އޯކޭތަ؟” ރީހާން ވާހަކަދެއްކީ ލުހާ އަނގައިން ނުބުނުމުންނެވެ. އެއާއެކު ރީހާންއަށް ޒާލްގެ ވާހަކަ ޔަލާ އޮތީ ކިޔައިދީފައިކަން ލުހާއަށް އެނގުނެވެ. ވާހަކަދެއްކުނީ އެހެންވެއެވެ.
“ހިޔެއްނުވޭ ޔާލް ބުނިހެނެއް… ޔާލްގެ ފޯނުން އޭނައަށް ގުޅޭތޯ ބެލިން… އެކަމަކު ފޯނު އޮތީ ނިއްވާލާފައި… އޭނާއަށް އެނގުނުހާ އަވަހަކަށް އަންނާނެ…” ލުހާގެ ވާހަކައަށް ރީހާން ބޯޖަހާލުމާއެކު އިތުރަށް ސުވާލެއް އޭނާ ނުކުރިއެވެ. އެހެންނަމަވެސް އޭނާގެ ހިތާއި ސިކުނޑިއަށް ހަމަޖެހުމެއް ނުލިބުނެވެ. ޔަލާއާއި އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާއާ ދެމެދުގައި ކޮންމެވެސް ކަމެއް ވެއްޖެއޭ ރީހާންއަށް ހީވަނީއެވެ. ޔަލާއަށް ދެރަގޮތެއްވާތަން ބަލަން ރީހާންއަށް ނުހުރެވޭނެކަން ޚުދު އޭނާއަށް އެނގެއެވެ. ކަންބޮޑުވެފައިވަނީ އެހެންވެއެވެ. ހިތުގެ ޖަޒުބާތުތައް ނުހިފެއްޓިދާނެތީއެވެ. ހިލަގަނޑެއް ހިތުގައި ބާއްވައިގެން އޭނާ ޔަލާގެ ގާތް ރަޙުމަތްތެރިއަކަށްވުމަށް ކުރަމުން އަންނަ މަސައްކަތް ފަނުފުލުން ހިނގައިދާނޭ ހީވަނީއެވެ. އޭނާގެ ހިތުގައިވާ ޖަޒުބާތުތައް ޔަލާއާ ހަމައަށް އަތުވެއްޖެނަމަ އެ އަންހެންކުއްޖާ ރީހާންއާ ދުރަށް ދުވެ ގޮސް ފިލާނެކަން ޔަޤީންވެއެވެ.
ޞާބިރާއަށް ނިދިފައި އޮތް ޔަލާ ފެނުމުން ހާސްވެ ކަންބޮޑުވިއެވެ. ޞާބިރާގެ އެދުމުގެ މަތީން އެމަޖެންސީގައި ހުރި ޑޮކްޓަރާ ވާހަކަދައްކަން ރީހާން ދިޔައެވެ. ހުންވައްތަރުވެފައި ހުރި ޔަލާ މާބޮޑަށް ވަރުބަލިވާތީ ޑޮކްޓަރަށް ދައްކަން އައުމުން އެމަޖެންސީގައި ބޭއްވީކަން ލުހާ އޭނާގެ މަންމައަށް އޮޅުން ފިލުވައިދިނެވެ. ޞާބިރާއަށް އެއްވެސް ކަމެއް ނާންގަން ޔަލާ ބުނެފައި ވިޔަސް އެއީ ރަނގަޅު ޚިޔާލެއް ކަމަށް ލުހާއަށް ނުފެނުނީ ވެސް ޔަލާ އެނދުމަތި ކުރުމުގެ ސަބަބުންނެވެ. ޞާބިރާއަކީ އެ މީހުންގެ މަންމައަށްވާއިރު އޭނާއަކީ ދަރީންދެކެ އިންތިހާއަށް ލޯބިވާ މައެކެވެ. ވީއިރު އެންމެ ފަހު ވަގުތު އެ މަންމައަށް އަންގައިފިނަމަ މާބޮޑަށް ހިތުގައި ޖެހޭނެއެވެ.
ޑޮކްޓަރު ޔަލާ ބެލުމަށް އައުމުގެ ކުރީން ރީހާން އައިސް ޔަލާގެ ހާލު އޭނާގެ ޢާއިލާއަށް އޮޅުން ފިލުވައިދީފިއެވެ. ޔަލާގެ ގައިން ވަރަށް ބޮޑަށް ލޭ މަދުވެފައިވާތީ ވަރަށް އަވަހަށް ލޭ ހަމަޖައްސަން ބުންޏެވެ. އަދި ޑޮކްޓަރުން އެންމެ ހައިރާންވީ ޔަލާގެ ލޭގެ ޓެސްޓު އެތައްފަހަރަށް ހަދައިގެން ނޫނީ ލޭގެ ގުރޫޕު ޔަޤީން ނުވީމައެވެ. ޔަލާގެ ހަށިގަނޑުގައި އެއްވެސް ބައްޔެއް ހުރިކަމަކަށް ނުފެނުނެއެވެ.
“ޔަލާގެ ހުންނާނީ އޭބީ ޕޮޒިޓިވް ލޭ…” ޞާބިރާ ބުންޏެވެ.
“އާން! އެކަން މިހާރު ޔަޤީންވެއްޖެ… ކުރިން އެމީހުންނަށް ފެނުނީ އޯނެގެޓިވް… ދެފަހަރު ދެ ގޮތަށް ފެންނާތީ އެހާ ގިނައިރު ނެގީ… އިރުކޮޅަކުން ޑޮކްޓަރު އަންނާނެ… ދައްތާ! ލޭދޭނެ މީހަކު ހޯދަންފެނޭ… އަޅުގަނޑު ވެސް މީހަކު ލިބޭތޯ މިއުޅެނީ…” ރީހާން މިހެންބުނެ ފޯނު ހިފައިގެން އަނެއްކާ ވެސް ދުރަށް ދިޔައެވެ.
“މަންމާ! ޔާލްއަށް ކޮންމެވެސް ގޮތެއް އެބަވޭ… ބަލާބަލަ ޔާލް ނޭވާލާގޮތް…” ފޯނުން ވާހަކަދައްކަން ހުރި ޞާބިރާއަށް ގޮވާލާފައި ލުހާ ބުނެލީ ހާސްވެފައި ހުރެއެވެ. އޭނާގެ ނަޒަރު ޔަލާއާ ވަތްކެއްނުވެއެވެ.
“ޔަލާ… ދަރިފުޅާ…. ލޯހުޅުވާލަބަލަ… ޔަލާ…” އަވަސްއަވަހަށް އެނދާ ކައިރިވެލުމާއެކު ޔަލާގެ ކޯތާފަތުގައި މަޑުމަޑުން ޖަހާލަމުން ޞާބިރާ ގޮވަންފެށިއެވެ. ޔަލާ ހީވަނީ ހުވަފެނެއްގައި ވާހެނެވެ. އޭނާ މަޑުމަޑުން ފާޑެއްގެ އަޑެއް ވެސް ލައްވަމުންދިޔައެވެ. ދެފަރާތައް ބޯހޫރުވުމާއެކު ފުންނޭވާތަކެއް ލަމުންދިޔައެވެ. އެވަގުތު އެތަނަށް ރީހަންއަށް އާދެވުނެވެ. އޭރު ފާޑަކަށް ޔަލާގެ ހަށިގަނޑުގައި މަޑު ތުރުތުރެއް އުފެދި ހަތަރެސްފައި ހަރުކަށިވާން ފަށައިފިއެވެ. ރީހާންގެ ދެ ލޯ ބޮޑުވުމާއެކު ވަގުތުން ޔަލާގެ ވިންދު ބެލުމާއެކު އޭނާގެ ލޯ ބަލާލިއެވެ. އޭރު ދެ ކަޅި ހުރީ އަރާފައެވެ. ޔަލާއަށް ފިޓުޖެހެނީކަމުގައި ރީހާން ނިންމިއެވެ. އޭނާ އެތަނުގައި އުޅުނު ނަރުސްކުއްޖާއަށް ނިކަން ބާރަށް ގޮވާލަމުން “މެޑިކަލް ޓާމް”އަކުން ވާހަކަދެއްކިއެވެ. އެއާއެކު އެ ނަރުސްކުއްޖާ ދުއްވައިގަތެވެ. ދެން ފެނުނީ ތިންހަތަރު ނަރުހުން އެކުގައި އައިތަނެވެ. އެ މީހުންނާއެކު އެމަޖެންސީގައި ހުރި ޑޮކްޓަރު ވެސް އައީ ދުވަމުންނެވެ. އެވަގުތު އެމަންޒަރު ބަލަން ތިބި ބަޔަކަށް ޔަލާގެ ޑޮކްޓަރަކީ ރީހާންހެން ހީވާނެކަން ޔަޤީނެވެ. ހުރިހާ ކަމެއް އިސްވެ ހުރެ ކުރަމުންދިޔައީ ޚުދު އޭނާ އަމިއްލައަށެވެ. ކައިރީގައި ހުރި ޑޮކްޓަރާ ވާހަކަދައްކަމުން ނަރުސްކުދީންނަށް އިރުޝާދުތައް ދެމުންނެވެ. އެމީހުންގެ މަސައްކަތަށް ހުއްޓުމެއް އައިސް އެންމެން ސިހުނީ ނުބައި އަޑަކުން ޔަލާ ހަޅޭލަވައިގަނެފައި ކުއްލިއަކަށް ތެދުވެ އިށީނުމުންނެވެ. ހަމައެހިނދު ކޮށިއަރައިގެން ޔަލާ ކެއްސަމުން ދަނިކޮށް އަނގައިން ނުކުތީ ލެއެވެ. ރީހާން ލައިގެން ހުރި މަޑުނޫކުލައިގެ ޓީޝާޓަށް ލޭތިކިތައް ބުރައިގެން ދިއުމާއެކު ޔަލާގެ ގަޔާއި އެނދު ވެސް ލެއިން ކަޅިވަމުންދިޔައެވެ. ހީވަނީ މީހަކު ހޮޑުލާހެނެވެ. އެހެންނަމަވެސް ޔަލާގެ އަނގައިން ނުކުންނަމުން ދިޔައީ ހުސް ލެއެވެ. ހުރިހާލާ މެދު ކުޑަކޮށް ވެސް ކަންބޮޑުވުމެއްނެތި ރީހާން ވަގުތުން އެންގީ ޔަލާ ސާފުކޮށް އޭނާގެ ގަޔަށް ލޭއެޅުމުގެ ކަންތައް އަވަސްކުރުމަށެވެ. އަދި ކޮންމެވެސް ގޮތަކުން ލޭ މަނާ ކުރުމަށެވެ.
ކުޅަދާނަކަމާއި ލިބިފައިވާ ތަޖުރިބާގެ އަލީގައި ރީހާން މަސައްކަތް ކުރަމުން ދަނިކޮށް ޔަލާ ލޭލުން ހުއްޓާލިއެވެ. އެއާއެކު ނަރުސްކުދީންނަށް އޭނާ ސާފުކޮށްލެވިއްޖެއެވެ. އެނދުގެ ތަންމަތި ބަދަލުކޮށް އެނދުގައި ޔަލާ ބާއްވާލާފައި އޮތް އިރު މީގެ ކުޑައިރުކޮޅެއް ކުރީން ހިނގި ހާދިސާގެ އެއްވެސް އަސަރެއް އެތަނުގައި ނެތްކަހަލައެވެ. ޔަލާއަށް ވާގޮތެއް ނޭނގިފައި ތިބި ޞާބިރާއާއި ލުހާ ތިބީ ފެންކަޅިވެފައެވެ. ނޭނގޭ ބާރުމިނެއްގައި ޞާބިރާގެ ހިތް ތެޅެމުންދިޔައެވެ. އޭނާގެ އުމުރުގައި ވެސް މީހަކު އެވަރަށް ލޭލީތަނެއް ނުދެކެއެވެ.
“މަންމާ… ލޭ ދޭ މީހާ ގޮވައިގެން މި އައީ… ކޮބާ ޔާލްކޮއްކޮ…” އިންތިހާ ދަރަޖައިގެ ހާސްކަން ރައްޔާގެ އަޑުން ފައުޅުވެގެން ދިޔައެވެ. އޭނާއަށް ޖަވާބެއް ދިނުމުގެ ބަދަލުގައި ޞާބިރާ އަވަހަށް އައިސް ޔަލާގެ އެނދު ނިވާކޮށްލާފައި ހުރި ފޮތިގަނޑުގެ ތެރެއަށް ބޯދިއްކޮށްލާ ރީހާންއަށް ގޮވާލިއެވެ. އަދި ލޭ ދޭން މީހަކު އައިސް ހުރި ކަމުގައި ބުންޏެވެ. ރީހާން އަވަސްވެގަތީ ކްރޮސްމެޗު ހެދުމަށެވެ. ހަމައެވަގުތު ރީހާންގެ ރަޙުމަތްތެރިއަކު ވެސް ލޭ ދޭންވެގެން ގުޅައިފިއެވެ. އޭނާ އެކަމުގައި ހިނގައިގަތުމާއެކު ރައްޔާ އަނެއްކާ ވެސް ސުވާލުކުރާން ފެށިއެވެ. އެއާއެކު ޞާބިރާ ކިޔައިދޭން ފެށިއެވެ.
ދެ ދުވަސްވަންދެން ހޮސްޕިޓަލުގައި ޔަލާ ބާއްވާފައި އޮތީ އެމަޖެންސީ ބައިގައެވެ. އޭނާ ލޭލަނީ ކީއްވެކަމެއް އެކަކަށް ވެސް ނޭނގެއެވެ. ޢާއިލާގައި އެފަދަ ކަމެއް ހުރިތޯ ވެސް ޑޮކްޓަރުން ސުވާލުކުރިއެވެ. އެހެންނަމަވެސް ޞާބިރާއާއި މުހުސިނުގެ ޢާއިލާގައި ވެސް އެފަދަ ބައްޔެއް ނުހުރެއެވެ. ދަރިފުޅުގެ ރޫހަށް ހަމަޖެހުމެއް ލިބޭތޯ ކަންބޮޑުވެފައިވާ ޞާބިރާއަށް ކުރެވޭނެކަމެއް ނެތެވެ. އޭނާއަށް އޮތީ އެ ދަރިފުޅުގެ ބައްޔަށް ޝިފާދެއްވަވާތޯ ދުޢާކުރުމެވެ.
ދެނަމާދު ދޭތެރޭގެ ވަގުތެވެ. ޔަލާއާ ދުރަށްދާން ބޭނުންނުވެފައި އިން ޞާބިރާ ގޮނޑީގައި އިނީ ފޯނުން ބަލައިގެން ޤުރުއާން ކިޔަވާށެވެ. އެކަމުން އޭނާގެ ދަރިފުޅަށް ލުޔެއް ލިބުނުހެން ޞާބިރާއަށް ހީވިއެވެ. އޭނާ ކިޔަވަން ފަށައިފިނަމަ ޔަލާގެ ނޭވާ ހަމައަކަށް އެޅެއެވެ. މޫނުމަތީގައިވާ ބަޔާންކުރަންދަތި ކުލަވަރު ބަދަލުވެ އެ ކުއްޖާ ހަމަޖެހޭހެން ޞާބިރާއަށް ހީވެއެވެ. އެހެންވެ ޔަލާއާ ގާތަށް ގޮނޑި ޖައްސާލުމާއެކު ޞާބިރާ ޤުރުއާން ކިޔަވަމުންދިޔައެވެ. ދޭތެރެއަކުން ޔަލާގެ ނިތްކުރިން ފެށިގެން ބޮލުގައި ފިރުމާލައެވެ. އެރޭ ފުރަތަމަ ފަހަރަށް ޔަލާ ހަމަޖެހިލައިގެން ވާހަކަދެއްކިއެވެ. އެހެންވެ ޞާބިރާ ނިންމީ ޔަލާގެ އެނދު ކައިރީ ޤުރުއާން ޖަހާފައި ބަހައްޓާށެވެ. ޤުރުއާނަކީ ހުރިހާ ކަމަކަށްވާ ޝިފާއެކެވެ.
ހަތަރުވަނައަށްވީ ދުވަހު ޔަލާ ތެދުވެލައި އުޅެން ފަށައިފިއެވެ. ހަށިގަނޑުގައި ވަރުޖެހިލައިފި ވައްތަރު އޭނާގެ މޫނުމަތިން ވެސް ފެންނަން ފަށައިފިއެވެ. ހުދުވެފައިވާ މޫނުމައްޗަށް ލޭގެ ކުލަ މަޑުމަޑުން ވެރިވާން ފެށީއެވެ. ޢާއިލާގެ މެންބަރުންގެ އިތުރުން ސިތާރާއާއި އޭނާގެ މަންމަ ރާމިޒާއާއި ދަޔާން ވެސް ޔަލާގެ ހާލު ބަލަން ބަރާބަރަށް އާދެއެވެ. ރީހާންއަށް ލިބޭ ހުރިހާ ވަގުތެއްހެން އޭނާ ހޭދަކުރަނީ ޔަލާގެ ގާތުގައެވެ. އެ އެންމެން ތިބިއިރު ވެސް ޔަލާ ހިނިތުންވާތަން އެއްގޮތަކަށް ވެސް ނުފެނެއެވެ. އޭނާގެ ސިކުނޑީގައިވަނީ ކީކޭކަމެއް އެއްވެސް މީހަކަށް ދެނެގަންނާކަށް ނޭނގެއެވެ.
* * * *
ޚިޔާލުގެ ރާސްތާގައި ޒަލަފްގެ ރޫހުވަނީ ޔަލާގެ ރޫހާ ގުޅިލާމެހިފައެވެ. އުއްޑުން ދެ އަތާއި ދެފައި ފަތުރާލައިގެން ތަޅުންމަތީ އޭނާ އޮތްއިރު ލޮލުގެ ހިމަކޮޅުން ރޮނގުހަދާލާފައި ކަންފަތުގެ ވޮށިކައިރިން ފައިބައިގެންދާ ކަރުނައަށް ހުއްޓުމެއްނެތެވެ. މާނޭވާލަމުން ދިޔައިރު ފައިގާ ޖަހާފައިވާ ހިލިހިލާގަނޑު ނެއްޓުމަށް މަސައްކަތްކޮށް އޭނާ ވަރުބަލިވެއްޖެއެވެ. ފާރުގައި ގޮއްމުށުން ތަޅާފައި ހުރި ދިމަދިމާގައި ލޭކުލަ ހިފައި އަޑިގަނޑުގަނޑު ހެދިފައި ހުއްޓެވެ. ލޭހިކިފައިވާ އަތްތިލައާއެކު ހިއްލާލި އަތްނަގާ ލޯމަތީ ޒަލަފް ބާއްވާލިއެވެ. އޭރު އޭނާއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. އެ ހާލުގައި ވަނިކޮށް ކުއްލިއަކަށް މުޅި ކޮޓަރިއަށް ފާޑެއްގެ ލޮޅުމެއް އަރައިގެން ދިޔައެވެ. އަވަސްއަވަހަށް ދެއަތްތިލައިން މޫނު ފުހެލުމާއެކު ޒަލަފް ތެދުވަން އުޅުނެވެ. އެހިނދު ގަދަ އައްޔެއް ކޮޓަރިތެރެއިން ފައުޅުވެގެންދިޔައެވެ. ހަމައެވަގުތު ޒަލަފްއަށް ކުރެވިގެން ދިޔަ އިހުސާސް އޭނާއަށް އޮޅުންފިލުވައިދިނީ އެތަނަށް އެ އައީ ކާކުކަމެވެ.
“ޒަލަފް… ތެދުވޭ…” ސަލާމްގޮވާލުމާއެކު އިމްރާނު ބުންޏެވެ. އޭނާ ފައުޅުވާއިރު ހުންނަނީ ހުދުކުލައިގެ ބޮޑު ޖުއްބާއެއްލައިގެނެވެ. ފައިތިލައެއް ނުފެނެއެވެ. އެހެންނަމަވެސް މިފަހަރު އޭނާ ހުރި ގޮތުން ތަޅުމުގައި އިމްރާނުގެ ފައި ނުޖެހޭކަން ޒަލަފްއަށް ޔަޤީންވިއެވެ. ތަޅުމާއި އިމްރާނުގެ ނިވާވެފައިވާ ފަޔާ ދެމެދު ފޫޓެއްހާ އުސްމިން ހުއްޓެވެ. އެ ތަނުން ކޮޓަރީގެ އަނެއްފަރާތާއި ހާމައަށް އޮތް ތަޅުން އޮތީ ރީއްޗަށް ފެންނާށެވެ.
“ކީއްކުރަން ތިއުޅެނީ… ކިހިނެއް ކަލޭ މިތަނަށްވަނީ” ޒަލަފް ތެދުވި ގޮތަށް ސުވާލުކުރިއެވެ.
“މި ނަޖިސް ތަނުގައި މާގިނައިރު ހުންނާކަށް ނޫން އަހަރެން މިއައީ… ޒަލަފްގެ ފައިގައިވާ ހިލިހިލާގަނޑު ނައްޓާލުމަކީ އަހަންނަށް އެއްވެސް ކަމެއްނޫން… އަހަރެން ވާގިއެދޭ ފަރާތުން އެކަން ކުރުމުގެ ޢިލްމު އިރާދަކުރެއްވީތީ އަހަންނަށް ވަނީ ލިބިފައި… ޒަލަފް! ކަލޭގެ އުމުރުން އަދި ވަރަށް ޅަ… އިންސާނުންނާއި ނުބައި ޝައިތާނުން ގުޅިގެން ހިންގި މުޑުދާރު ޢަމަލުތަކުގެ ސަބަބުން މިއަދު ތިހާލު ޖެހިފައި ތިވަނީ… ޒަލަފް ހިނގަމުންތިދަނީ އެ ޝައިތާނާގެ ފިޔަވަޅުގެ މަތީގައި ފައިއަޅަމުން… އެއީ އެއްގޮތަކަށް ވެސް އަހަރުމެން އުޅެންވީ ގޮތެއްނޫން… އަދިވެސް ރަނގަޅުގޮތް ޒަލަފްއަށް ޚިޔާރުކުރެވިދާނެ… އަހަރެން ޒަލަފް ސަލާމަތްކުރާނަން، އެކަމަކު ޒަލަފްއަށް ޖެހޭނީ ތި ދިރިއުޅުން ދޫކޮށް އަހަންނާއެކު ދާން… ތި ކުރަމުންދާ ނުބައި ޢަމަލުތައް އުމުރަށް ހުއްޓާލަން…”
“ކަލޭ ވެސް ތި އައީ އަހަރެން މިތަނުން ގެންގޮސް އެހެން ހުރަގެއަކަށް ލާންވެގެންތަ؟”
“އަހަރެން ބޭނުންނަމަ މިތަނުން ނެރެގެން އެއްވެސް މީހަކަށް ނޭނގޭނެ ފަދަ ތަނަކަށް ޒަލަފް ގެންދެވިދާނެ… އެކަމަކު އަހަންނަކީ އެފަދައިން ކަންތައް ކުރާނެ މީހެއްނޫން… ކުށެއްނެތް ނަފްސަކަށް އަނިޔާވެރިވުމެއް އަހަރެންގެ މައްޗަކަށްނުވޭ… އެކަމަކު ރަނގަޅު މަގަށް ގެނައުމަށްޓަކައި އަހަރެން ނުކުރާނެކަމެއް ވެސް ނޯންނާނެ… ޒަލަފްގެ އަޤީދާ ތިވަނީ ބަލިކަށިވެފައި… އީމާންތެރިކަން ކަނިވެ ނިވެނީ… ތި ހާލުގައި އެ ޝައިތާނުންގެ އަތްދަށުވުން ނޫންކަމެއް ޒަލަފަކަށް ނުވާނެ… އަހަންނާއެކު އަތުވެއްޖެނަމަ އެ މީހުންނަށް އެއްކަމެއް ވެސް ނުކުރެވޭނެ… އަހަރެންގެ ވެރި ރަސްކަލާނގެ ވާގިފުޅާއެކު ނޫނީ އަހަރުމެން އެއްވެސް ކަމެއްނުކުރަން… ނަޞްރުދެއްވާނީ ﷲގެ އަޅުންނަށް… އެކަލާނގެއަށް ކާފަރުވެ އެކަލާނގެ ނުރުއްސަވާ ނުބައި ޢަމަލުތައް ކުރާ ބަޔަކަށްނޫން… ޒަލަފް… ފަތިސް ނަމާދަށް ބަންގިގޮވާކަށް ގިނައިރެއް ދެން ނެތް… އެހާ އިރަށް އަހަރެން ދާނަން… އަހަންނާއެކު ޒަލަފް ދާން ބޭނުންނަމަ ބުނޭ… ތި ކަމުން މިނިވަންކޮށްދޭނަން…”
އިމްރާނުގެ ވާހަކަތަކަށް އެއްޗެއް ނުބުނެ ޒަލަފް އިރުކޮޅަކު އިނެވެ. އޭނާއަށް އިމްރާނުގެ ވާހަކަތަކާއި އެއްކޮށް އެއްބަސް ނުވެވެނީއެވެ. އޭނާ އިމްރާނާއެކު ދާކަށް ބޭނުމެއްނޫނެވެ. އެހެންނަމަވެސް މިނިވަންވާން ބޭނުމެވެ. ވީ އެންމެ އަވަހަކަށް ޔަލާގެ ގާތަށް ދާން ޒަލަފް ބޭނުމެވެ. ސިކުނޑީގައި އެނބުރެމުންދިޔަ ހާސްކަމުގެ ސަބަބުން އެއްއަތް ބޮލުގައި ހާކާލުމާއެކު ހަށިފުރާ ނޭވާއެއް ޒަލަފް ލިއެވެ. ޤައިދުގައި ހުރެ ކުރެވޭނެކަމެއް ނޯންނާނޭ ޒަލަފްގެ ހިތަށް އެރިއެވެ. މިނިވަންވެއްޖެނަމަ އޭނާއަށް ޔަލާގެ ގާތަށް ދިއުމުގެ ފުރުޞަތު ލިބުން ބޮޑެވެ.
“އަހަރެން ބޭނުންވަނީ މިނިވަންވާން… އެކަމަކު އަހަންނަކީ ވެސް ބާރު ހުރި މީހެއް… އަހަންނަށް މި ހިލިހިލާގަނޑަށް ގޮތެއް ހަދާނުލެވުނު އިރު ކަލޭ ކިހިނެއް މީގެން އަހަރެން މިނިވަން ކުރާނީ؟” ޒަލަފް މިހެން ބުނުމުން އިމްރާނު ކުޑަކޮށް ހިނިތުންވެލިއެވެ. އަދި މަޑުމަޑުން ކުރިއަށް އައިސް ޒަލަފްގެ ދެފައިގެ ކުޑަހުޅުގައިވާ ހިލިހިލާގެ ބައިގައި އައޫޒުބިސްމި ކިޔައި އިމްރާނު ގުދުވެލާފައި ހިފިއެވެ. އަދި އޭނާ ކިޔެވީ ޤުރުއާނުގެ އާޔަތްތަކެއްކަން ޒަލަފްއަށް އިވި ޔަޤީންވިއެވެ. ބަލަބަލާ ހުއްޓާ ފައިގައިވި ހިލިހިލާގެ ބައި ދަބަރަށްވެ ކުނޑިވެގެން ފައިބައިގަތެވެ. އެކަންވީ ޒަލަފް އަޖައިބު ކުރުވަނިކަމަށެވެ.
“ތި ހިލިހިލާއަކީ އާދައިގެ ހިލިހިލާގަނޑެއްނޫން… ތި ތައްޔާރުކުރި މީހަކަށް މިހާރު ނޭނގިއެއް ނުހުންނާނެ… ތީ ބޮޑު ނަޖިސްގަނޑެއް… ހިނގާ ދަމާ…” އިމްރާނު ބުނެލިއެވެ. އެއާއެކު ދެފައި ފޮޅާލާފައި ޒަލަފް ކުރިއަށް ޖެހިލުމާއެކު އިމްރާނު ހިފީ އޭނާގެ މުލައްދަނޑީގައެވެ. އަލި ދަތުރުކުރާހާ ބާރަށް އިމްރާނު ދަތުރުކުރާހެން ޒަލަފްއަށް ހީވިއެވެ. އިމްރާނަކީ ރަޚަބްމެންނާ އެއްވެސް ގޮތަކުން ގުޅުމެއްނެތް ޖިންނިއެއްކަން ޒަލަފްއަށް ޔަޤީންވެ ކަށަވަރުވިއެވެ. އިމްރާނުގެ ދެފަރާތުން ވައިކަފާއަޑު ޒަލަފްގެ ކަންފަތަށް އިވެމުންދިޔަ ނަމަވެސް އެއްވެސް އެއްޗެއް ލޮލަކަށް ނުފެނެއެވެ.
ނިދިފައި އޮވެފައި ފުންމައިގެން ތެދުވި ޒަރަސް އޭނާގެ ވައަތުން ކަނާތު އަތުގައި ހިފަހައްޓާލީ އެ އަތަށް އިހުސާސްކުރެވިގެން ދިޔަ ގަދަ ވޭނުންނެވެ. އޭނާ ވަގުތުން ރަޚަބްއަށް ގޮވައި އެންމެން އެއްކުރިއެވެ. ޒަރަސްގެ ކަނާތުގައި އޮޅާލާފައިވާ ފޮތިގަނޑުގެ ތެރެއިން އޭނާ ރަޚަބްއަށް އަތް ދައްކާލިއެވެ. އޭރު އަތުގެ އިނގިލިތަކަށް ހުރީ ކަޅުކުލަ އަރާފައެވެ. ހީވަނީ ފިހިފައި ހުރީ ހެންނެވެ. ޒަރަސްގެ އެދުމާއެކު ދެ ބަފައިން އައިސް ބިމު އަޑީގައި ހަދާފައިވާ ބިންގަރާހުގެ ތެރެއަށް ވަނެވެ. ރަޚަބްގެ އަތުގައި ރޯކޮއްފައިވާ ސަމޭދާން ކުރިއަށް ދިއްކޮށްލަމުން ވަރުގަދަ ދޮރުގެ ދަގަނޑު މަކުޑި ދަމާލުމާއެކު ތަޅުހުޅުވާ އެތެރެއަށް ދޮރު ކޮއްޕާލިއެވެ. ޒަރަސްއަށް އޮންނަ ޔަޤީންކަމެއްގައި އެތަނުގައި ފާރަވެރިއަކު ބެހެއްޓުން އޭނާއަށް މުހިންމެއްނޫނެވެ. ހުޅުވިގެން ދިޔަ ދޮރާއެކު ހިމޭންކަން ވެރިވެފައި އޮތް ކޮޓަރިތެރެއަށް ދެ މީހުން ވެސް ބަލަން ތިބީ ހައިރާންވެ އަންތަރީސްވެފައެވެ.
“ރަޚަބް! އަވަސްކުރޭ… ޒަލަފް ހޯދައިގެން އަހަރުމެންގެ ތެރެއަށް އޭނާ ގެނޭ… އޭނާ މިހާ ބާރުގަދަވެދާނެއެކޭ އަހަރެން ކުޑަކޮށް ވެސް ހީނުކުރަން… އަހަރެން ދުނިޔޭގައި ހުއްޓާ އެ ހިލިހިލާގަނޑު ބުރިކޮށްލުމަކީ ފަސޭހަކަމެއްނޫން… އޭނާއަށް އެފަދަ ޢިލްމެއް އުނގަންނައިދިނީ ކާކު؟ ކިހިނެއް އެހާ ރަނގަޅަށް އެކަން ކުރާން އެ އެނގުނީ…” ޤަބޫލުނުކުރެވިފައި ހުރެ ޒަރަސް ވާހަކަދެއްކިއެވެ. އޭރު ވެސް އޭނާގެ ނަޒަރު ހުރީ ކޮޓަރިތެރޭގައި އޮތް ހިލިހިލާގަނޑަށް ހުއްޓިފައެވެ.
“ބައްޕާ… އަޅުގަނޑަށް ހަމައެއްގޮތަކަށް ވެސް ނޭނގެ… އަބްދުއްރަޢޫފުމެންގެ ފަރާތުން ޒަލަފް ކަންކަން ދަސްކުރަނީކަމަށް ވެދާނެ… މިހެން ކަންތައްތައްވާނަމަ އަޅުގަނޑުމެންގެ އަތުގައި ނުޖެހި ޒަލަފްއަށް އުޅެވިދާނެ…”
“އެހެންވެގެންނުވާނެ… އޭނާ މިހާރު އެވަނީ މާ ނުރައްކާތެރި ފައްތަރެއްގައި… އޭނާގެ އެ ބާރުގެ ބޭނުން އެހެންބަޔަކު ހިފިޔަ ދީގެން ނުވާނެ… ޒަލަފް ހުންނަން ޖެހޭނީ އަހަރުމެންނާއެކު…” ޒަރަސް ހަރުކަށި ރާގަކަށް ބުނެލިއެވެ.
އިރުއަރައިގެން އައިއިރު ބޮޑުފެންޑާގައި ރަޚަބްގެ އިސް ވަޒީރުންނާއި މެލްފަސްއާއި އޭނާގެ އިސް ބައިވެރިންގެ އިތުރުން ބޮޑުގޮނޑީގައި އެއްފައި ގޮނޑިއަށް އަރުވައިގެން ޒަރަސް އިނެވެ. ރަޚަބް އެތަނުގައި ތިބި މީހުންނަށް އިރުޝާދުތައް ދެމުންދިޔައިރު ޒަރަސް އިނީ އަޑުއަހާށެވެ. ރޭވުންތެރިކަމާއެކު ޒަލަފް ސަލާމަތުން އެ މީހުންގެ ގާތަށް އެނބުރިގެންނާނޭގޮތްތައް ރަޚަބް ކިޔައިދެމުންދިޔައިރު އެކަން އެ ގޭގެ ފާރުތަކުން ބޭރަށް ނުކުމެގެން ނުވާނެކަން އެންގިއެވެ. ނުބައި ރޭވުންތައް ކާމިޔާބު ކުރުމަށް މެލްފަސް ވެސް އޭނާގެ ތަޖުރިބާ ޚިއްޞާކުރިއެވެ. އެތަނުގައި އެބައިމީހުންގެ ވާހަކަތަކުން އެ އިން އެކަކުގެ ވެސް ރަޚުމުގެ ކަންފުޅެއް ވެސް ނުވާ ފަދައެވެ. އިންސާނުންނަށް ކޮންމެފަދަ ކަމެއްކޮށްލުމަކީ ވެސް ދާދި ފަސޭހަވެފައި އެ މީހުން ޖެހިލުންވާ ކަމެއް ކަމުގައި ނުވެއެވެ.
އިމްރާނާއެކު އޭނާ ފަދަ ބައެއްގެ ބޮޑު ޖަމާޢަތެއްގެ ތެރޭ ފަތިސްނަމާދުކޮށް ނިމިގެން މިސްކިތުން ޒަލަފް ނުކުތެވެ. އެމީހުންގެ ތެރޭ އެއްވެސް ބީރައްޓެހިކަމެއް ޒަލަފްއަކަށް އިހުސާސެއް ނުކުރެވެއެވެ. ކޮންމެ މީހަކު ބަލާލާފައި ދަނީ އަމާންކަމުގެ ހިނިތުންވުމެއް ބަދަލުކޮށްލާފައެވެ.
“މިތާ މަޑުކުރޭ… މިގޭގައި އެކަކު ވެސް ދިރިއެއް ނޫޅޭނެ… މީ އަހަރެންގެ ޢާއިލާ މީހެއްގެ ގެ…” ދޮރުހުޅުވާލާފައި އެތެރެއަށް ވަދެ އެތަނުގައި ހުރި ދިމާއެނދަށް އިމްރާނު އިޝާރާތްކޮށްލިއެވެ. ޒަލަފް ބޯޖަހާލާފައި މަޑުމަޑުން އައިސް ދިމާއެނދުގައި އިށީނީ ވަށައިގެން ނަޒަރު ހިންގަމުންނެވެ.
“ހާސްނުވޭ… މިތަނަކަށް މީހަކު ނާންނާނެ… އަހަރުމެންނަކީ ހުއްދަ ނުހޯދާ ގެއަށް ވަންނަ ބައެއް ނޫން…”
“ކޮންތާކަށް އިމްރާނު ތި ދަނީ” ޒަލަފް ސުވާލުކޮށްލިއެވެ.
“ކަލޭ ކާނޭ އެއްޗެއް ހޯދަން…” އިމްރާނު މިހެންބުނުމުން އިތުރަށް ޒަލަފް އެއްވެސް އެއްޗެއް ނުބުންޏެވެ. އޭނާއަށް ބަލާލާފައި އިމްރާނު އެގެއިން ނުކުމެއްޖެއެވެ.
“މީ ކޮންތަނެއް؟ މީ އަހަރެންގެ ރަށް ހެނެއް ވެސް ހިޔެއްނުވޭ… މީ ރަށުގެ މަގުތަކެއް ވެސް ނޫން… މިތަނުގައި ބޮޑެތި ގަސްތައް ހުއްޓަސް ވަލެއްނެތް… ތަހުޒީބީ ގޮތްގަނޑު މި މީހުންގެ ތެރޭގައިވަނީ… އިމްރާނު އަހަރެން އެ ގެނައީ ކޮންތާކަށްބާ؟ މިތަނުން ނުކުމެވޭނޭ ގޮތެއް ހޯދަންވީ؟ އެހެންނޫނީ މިތަނުގައި ވެސް އަހަރެން ހުންނަންޖެހޭނީ ބަންދުވެފައި… މިވަގުތު ޔަލާގެ ގާތަށް ދިއުން ވަރަށް މުހިންމު… ޔަލާ އޭނީ އަހަރެންގެ ދަރިއަކަށް ބަލިވެކަމަށްވާނަމަ އެކަމުގައި އޭނާއަށް އަހަރެންގެ އެހީ ބޭނުންވާނެ… އެކަމަކު އިމްރާނު… އޭނާއަށް އެކަން އެނގިއްޖެނަމަ އަހަންނަށް ހުރަސް އަޅާނެކަން ޔަޤީން… މިތަނުން ދާންވާނީ އިމްރާނަށް ނޭނގޭނޭހެން…” އިން ތަނުން ތެދުވެ ވަށައިގެން ހޯދަމުން ދިޔަ ޒަލަފް ވާހަކަދެއްކީ އޭނާގެ އަމިއްލަ ނަފްސާއެވެ. ފެންޑާގައި ހުރި ބޮޑު ކުޑަދޮރެއް ހުޅުވާލުމުން މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުން ފެނެއެވެ. ބައެއްތަންތަންކޮޅުގައި ބޮޑުބިޔަ ގަސްތަކުގެ ހިޔަލުގައި ކުނާމަތީ ވާހަކަދައްކަން މީހުންތިއްބެވެ. އެ މީހުން ވާހަކަ އެ ދައްކަނީ ކޮންބަހަކުން ކަމެއް ޒަލަފްއަކަށް ނޭނގުނެވެ. ރަޚަބްމެން ވާހަކަދައްކާ ފަދަ ގޮތެއް ނުހުރެއެވެ. ރަޚަބްމެން ވާހަކަދައްކާއިރު ކަރުބުޑުން ގިނަ އަކުރުތަކުގެ އަޑުތައް ނެރެއެވެ. ނަމަވެސް ޒަލަފްއަށް ފެންނަމުން ދިޔަ މީހުންގެ ރާގުތައް ތަފާތެވެ. އެމީހުންގެ ތެރެއިން އެންމެން ވެސް ފެންނަނީ އެއްފެންވަރެއްގެ ހަމަހަމަ ބައެއްގެ ގޮތުގައެވެ. އަޅާފައި ތިބީ އެއްކަހަލަ ހެދުން ތަކެކެވެ. އެކަކުއަނެކަކަށް ބަލާއުޅެނީ އޯގާތެރިކަމާއި ހިތްތިރި ބެލުންތަކުންނެވެ. ބޮޑާކަމާއި ކިބުރުވެރިކަމެއްނެތެވެ.
ދެފަރާތަށް ވާގޮތަށް ދޮރުފަތް ހުޅުވާލާފައިވާ މައިދޮރުން ޒަލަފް ނުކުމެ މަގުމައްޗަށް ނަޒަރު ހިންގާލިއެވެ. ގޭގެ ވަށައިގެން އޭނާ ހިނގާލިއެވެ. ވަށާފާރެއްނުވާ ކުޑަކުޑަ ގެއެކެވެ. މަގުމައްޗަށް ހިޔާ އަޅާދައިދޭ ގޮތަށް ކޮންވައްތަރެއްކަން ނޭނގޭ ގަހެއް ހުއްޓެވެ.
“މީ އަހަރެންގެ ރަށެއްނޫން… މީ އެހެންތަނެއް؟ ދެން ކިހިނެއް އަހަރެން ދާނީ…” ގުޅުވާލެވިފައިވާ ދެއަތުގެ އިނގިލިތައް ބޮލުގެ ފުއްކިބައިގައި އަޅުވާލައިގެން ދުރު ބަލަހައްޓައިގެން ހުރެ ޒަލަފްއަށް އޭނާގެ އަމިއްލަ ނަފްސަށް ބުނެލެވުނެވެ. ޔަޤީންވެފައި ހުރެއެވެ. އަމިއްލަ ރަށުން ފައިބައިގެން އާދެވުނު އިރު ވެސް އޭނާއަށް ނޭނގުނީތީ ހައިރާންވިއެވެ. އަނެއްކޮޅުން އިމްރާނަށް ލިބިފައިވާ ފަދަ ބާރެއް ހޯދަން ޒަލަފްގެ ޟަމީރު ވެސް ބޭނުންވެއެވެ. ރަޚަބްމެންނާ ދެކޮޅަށް ތެދުވާން އޭނާ ބޭނުމެވެ. މިހާރު އޭނާއަކީ ރަޚަބްމެން ބޭނުންގޮތެއް ހަދާލެވޭހާ ނިކަމެތި ޖިންނިއެކެވެ. އެކަމަކު އިމްރާނަށް ލިބިފައިވާ ފަދަ ބާރުތަކެއް އޭނާއަށް ލިބިއްޖެނަމަ ރަޚަބްމެން ވެސް ޖެހިލުންވާނޭކަން ޔަޤީނެވެ. އެތައް ސުވާލުތަކަކާއިއެކު ސިކުނޑީގައި ޚިޔާލުތައް ވައިގުރާބެއް ފަދައިން ވިއެވެ. އެހެން ހުއްޓާ އިމްރާނު ގޮވާލި އަޑު އިވުނެވެ. އެ ދިމާއަށް ދިއުމަށް ޒަލަފް އަވަސްވެލިއެވެ.
“މީ ކޮންތަނެއް؟ މީ އަހަރެންގެ ރަށެއްނޫން ދޯ” ގޭގެ ދޮރުމަތީ ހުރި އިމްރާނާ އަރާ ހަމަކުރުމާއެކު ޒަލަފް ސުވާލުކުރިއެވެ.
“އާން! މީ ޒަލަފްގެ ރަށެއްނޫން…. މީ އަހަރުމެން ދިރިއުޅޭ ތަން… މީ ޒަލަފް ވެސް މީގެ ފަހުން ދިރިއުޅޭނޭތަން…” އިމްރާނު ބުންޏެވެ. އަދި އޭނާގެ އަތުގައި ފޮތިގަނޑެއް އަޅާ ނިވާކޮށްފައިވާ ދޮލަނގު ގެނެސް ދިމާއެނދުގައި ބަހައްޓާފައި އޭގެ މަތީގައިވާ ފޮތިގަނޑު ނަގައި އެނދުގެ އެއްފަރާތުގައި އިށީނދެ ޒަލަފްއަށް އިށީނުމަށް އިމްރާނު އިޝާރާތްކުރިއެވެ.
“މީ ހެނދުނު ގަޑީގައި އަހަރުމެން ކައިއުޅޭ އެއްޗެއް… މީ ޚުބްޒާއި ޝަހުދު… ދެން މިހިރީ އިންސާނުން ވެސް ބޮއެ އުޅޭ ކަޅުސައިފަދަ ބުއިމެއް… ފޮނިހެޔޮވަރު ކުރާނީ ޒަލަފް… ބިސްމިން ކިޔާފައި ފައްޓާ… އަހަރެން ވެސް ކަލެއާ ބައިވެރިވާނަން…” އިމްރާނު ބުންޏެވެ.
ދޮލަނގުގައި އޮތީ ބޮޑުބަނަހެއް ނޫނީ ޕާނަކާ ވައްތަރުގެ އެއްޗެކެވެ. ދެން ހުރީ ކުލަގަދަކޮށް ހުރި މާމުޔެވެ. އެއާއެކު ރަތްކުލައިގެ މަޑު ހިތިކަމެއް ހުރި ބުއިމެކެވެ. އިމްރާނު ފެށިއެވެ. އޭނާއާއެކު ޒަލަފް ވެސް ކާން ފެށިއެވެ.
“އަހަރެން ދެން މިތަނުގައި ހައްޔަރުވީތަ؟ އަހަރެންގެ މަންމަމެންނާ ވެސް ބައްދަލެއްނުވާނެތަ؟” ޒަލަފް މަޑުމަޑުން ސުވާލުކުރިއެވެ.
“ޒަލަފްއަށް މިތަނުގައި އެއްވެސް ނުރައްކަލެއްނެތް… އަހަރުމެން ވެސް އަދި އިންސާނުން ވެސް ފަހަނައަޅައި ގޮސްގެން ނުވާނޭ އިމެއް ކަނޑައެޅިފައިވޭ… ޖިންނީންނަށް އަހަރުމެން ވީހިނދު އަހަރުމެން އިންސާނުންނާ ގުޅުން ބޭއްވުމަކީ ކޮށްގެން ވާނޭކަމެއްނޫން… ޒަލަފްއަށް ވިސްނައިދޭން އަހަރެން ބޭނުންވަނީ އެކަން… ރިވެތި ގޮތުގައި އަހަރެމެންގެ ތެރޭގައި އަމާންކަމާއެކު ޒަލަފްގެ ދިރިއުޅުން ހޭދަކުރެވޭނެ… ނުބައިމަގަށް ގޮވާލާ މަގުފުރައްދާނޭ ބަޔަކު މި ޖަމާޢަތުގެ ތެރެއަކުނުވޭ…”
“އިމްރާނު… އަހަރެން އުޅެ ބޮޑުވީ އިންސާނުންނާއެކު އެމީހުންގެ ދިރިއުޅުން އުޅެ… އަހަންނަކީ ހުރިގޮތަށް ހުރި ފުރިހަމަ ޖިންނިއެއްކަން އެނގުމުން ވެސް އެކަން އަހަރެންގެ ޟަމީރު ޤަބޫލުކުރަން ފަސްޖެހޭ… އިންސާނުންގެ ތެރެއަށް ލޯބިޖެހިފައިވަނީ އެ މީހުންގެ އާދަކާދަތަށް ކުއްލިއަކަށް ދޫކޮށްލާފައި ދެވޭ ވަރަށްވުރެ ބޮޑަށް… އަހަރެން އުޅޭ ހިތްވަނީ ވެސް އިންސާނުންގެ ތެރޭގައި… އެމީހުން ފަދައިން އެކަކު އަނެކަކަށް ފެނި އެމީހުންގެ މޭޒުތަށް ދޮށުން އެ މީހުން ކާއެއްޗެއް ކައިގެން އެ މީހުން އަޅާ ހެދުން އަޅައިގެން… މީ އަހަރެން އަމިއްލައަށް އާދަކުރުވި ކަންކަމެއްނޫން… ދުނިޔެއަށް ލޯހުޅުވުނީއްސުރެން އިންސާނުންނާއެކުގައި ވީތީ އަހަންނަށް އާދަވެފައިވާ ކަންކަން…” ޒަލަފްގެ އަޑުގައި ފޮރުވިފައިވާ މަޑުމޮޅިކަމެއްވާކަން އިމްރާނަށް ފާހަގަވިއެވެ. އޭނާގެ މަޢުނަވީ ބެލުމުގައި ޒަލަފްގެ ހަށިގަނޑު ފޫއަޅުވާލާ ސީދާ އޭނާގެ ރޫޙަށް ބަލަމުން ދާ ކަހަލައެވެ.
“ޒަލަފްއަށް އެއްވެސް މީހަކު މަޖުބޫރެއްނުކުރާނެ… އެހެންނަމަވެސް އިންސާނުންނާއެކު އުޅޭނަމަ ދުވަހަކުވެސް ޒަލަފްއަކަށް އަމިއްލަ ނަފްސެއް ދަހެއްނުވާނެ… އެ މީހުންނާ އޮންނަ ގުޅުން ކަނޑާލާ ޒަލަފްގެ އަމިއްލަ ދުނިޔެއަށް… އަހަރުމެންގެ ދުނިޔެއަށް ޒަލަފް އަންނަންވީ… ކޮންމެގޮތެއް ވިޔަސް ޒަލަފްގެ މައްޗަށް ހިނގަނީ އަހަރުމެންގެ މައްޗަށް ހިނގާ ޙުކުމް…”
“އިމްރާނު… އަހަރެންގެ މަންމައަކީ އިންސާނެއް… އެ ގުޅުން ދުވަހަކުވެސް ކަނޑައެއްނުލެވޭނެ… ކުއްލިއަކަށް އެމީހުންނާ ވަކިވާނީ ކިހިނެއް؟ އަހަރެންނަކީ ޖިންނިއަކަށްވިޔަސް އަހަރެން ފުރިހަމަ ޒުވާނަކަށް ވަންދެން އަހަރެން ބަލާ ބޮޑުކުރީ އެ މަންމަ… އެ މަންމަ ވެސް ގަސްދުގައި ރަޚަބްގެ މަޅީގައި ނުޖެހޭނެއެއްނު”
“އިންސާނުން ވަރަށް ހަނދާންބަލި… އެ މީހުން ނުދަނޭ އަހަރުމެން އުޅޭ ކަމަކަށް… ފަސްއިނގިލި އެއްވަރު ނުވާހެން، ހުރިހާ ނަސްލެއްގެ ތެރޭގައި ވެސް އެކިކަހަލަ މީހުން އުޅޭ… ރަނގަޅުމީހުނާއި ނުބައިމީހުން… އެހެންވެ އިންސާނުން އަމިއްލައަށް ރައްކާތެރިކަން ހޯދަންޖެހެނީ… ނޭނގުމުގައި ވެސް ޖިންނީންގެ ކިބައިން ސަލާމަތްވުމަށް… ދެން މައްސަލައެއްނެތް! އަހަރެން އެއްވެސް މީހަކަށް އިނގިލިދިއްކުރާކަށްނެތީން… އަބްދުއްރަޢޫފުގެ ޢާއިލާ މިހާރު ތިބީ ރައްކާތެރިކަމުގައި… ރަޚަބްމެންނަށް އެމީހުންނާ ދިމައެއްނުކުރެވޭނެ… ޒަލަފްއާ ހަމައަށް ދިއުމަށް އަހަންނަށް ދުވަސްކޮޅެއް ނެގީ އެހެންވެ… އެ މީހުން ވެސް ތިބީ ޒަލަފް ސަލާމަތްވާން އެދިއެދި… އެ މީހުން ވެސް އެދެނީ ޒަލަފްއަށް ރަނގަޅުގޮތް މެދުވެރިވުމަށް… އެއީ އެ މީހުންނާ ވަކިން ޒަލަފް އުޅޭން ޖެހުނުކަމުގައި ވިޔަސް… އަހަރެން އަބްދުއްރަޢޫފު ގާތުގައި ބުނެފައި އޮންނާނީ ޒަލަފް ސަލާމަތްކޮށްގެން އެ މީހުންގެ ގާތަށް ގެނެސްދޭނަމޭ… އެކަމަކު ޒަލަފްއަކަށް އެމީހުންނާއެކު ދިރިއެއް ނޫޅެވޭނޭ… ޒަލަފްއަކީ އެ މީހުން ފަދަ އިންސާނެއްނޫނޭ… ދުނިޔޭގެ އުޞޫލާ ޚިލާފެއް ނުވެވޭނޭ…”
“އެހެންވީރު އަހަރެންގެ މަންމަމެން ގާތަށް ދެވޭނެތަ؟” ކެތްތެރިކަން ކުޑަގޮތަކަށް ޒަލަފް އަހާލިވެ.
“އާން! އަހަރެން ކަލޭ ގެންދާނަން… އެކަމަކު އެއީ އެ މީހުންނަށް ވަދާޢުކިޔުމަށްޓަކައި… ހިތްހެޔޮކަމާއެކު އެ މީހުންނާ އެންމެފަހުގެ ސަލާމް ކުރުމަށްޓަކައި… ކަލެއަށް ވެސް އަދި އެ މީހުންނަށް ވެސް އެންމެ ރައްކާތެރިކަން ބޮޑު ގޮތަކީ އެއީ… ޒަލަފް ފެންނަނީ ޒުވާނެއްގެ ގޮތުގައި ނަމަވެސް އަދި ތި ސިކުނޑި ވަރަށް ޅަ… އެހެންވީމަ އަހަރެން ދައްކާ ހުރިހާ ވާހަކައަކާ ޤަބޫލުވާން ޒަލަފްއަށް އުނދަގޫވާނެކަން އެނގޭ…”
“ކޮންއިރަކުން އަހަރެން އެމީހުންގެ ގާތަށް ގެންދާނީ” އިރުކޮޅަކު އިސްޖަހާލައިގެން ހިމޭނުން އިނދެފައި ޒަލަފް އަހާލިއެވެ.
“އަހަރެން އެ މީހުންގެ ޚަބަރު ބަލަން އިރުކޮޅަކުން ދާންނަން… ކަންތައްތައް ހުރި ނެތްގޮތް އޮޅުންފިލާ އަހަންނަށް ޒަލަފް ރައްކާތެރިކަމާއެކު ޢާއިލާއާ ބައްދަލުކުރާން ގެންދެވިދާނޭކަން ޔަޤީންވީމާ އަންނާނަން ބަލާ… އަހަރެން މިތާ ނެތަސް ޒަލަފްގެ ކަންކަން ބަލާނޭ މީހަކު އަހަރެން ގެންނާނަން…” އިމްރާނު މިހެން ބުނުމުން ޒަލަފްގެ މޫނުމަތިން ހައިރާންކަން ފައުޅުވެގެން ދިޔައެވެ.
“ކިހާ ދުވަހެއްފަހުން އަހަންނަށް އެ މީހުންގެ ގާތަށް ދެވޭނީ…”
“އެހެންބުނާކަށް އަދި ނޭނގޭ… ރަޚަބްމެންނަށް ޒަލަފް ނެތްކަން އޮންނާނީ މިހާރު އެނގިފައި… އެމީހުން މުޅި ރަށް އެފުށްމިފުށަށް ޖަހާލާނެ… އަބްދުއްރަޢޫފާ ދިމާކުރާނެކަން ޔަޤީން… އެހެންވީމަ އަހަރެން އަންނަންދެން ޒަލަފް ހުންނަންޖެހޭނީ މިތަނުގައި… އަހަންނަށް އެ މީހުންނާ ދެކޮޅަށް ކަންކަން ކުރާން އެނގުނަސް ހިތަށް އަރުވާލާއިރަށް ކަންކަމެއް ނުކުރެވޭ… އެފަދަ ކުޅަދާނަކަމެއް ހަމައެކަނި ލިބިގެންވަނީ އަހަރުމެން ހުރިހާ އެންމެން އުފެއްދެވި ކަލާނގެއަށް…”
އިމްރާނާއެކު ސައިބޮއެ ނިންމާލުމަށްފަހު ޒަލަފްއަށް އެ ގޭގައި ހުރެވޭނޭ އިންތިޒާމު އިމްރާނު ހަމަޖެއްސިއެވެ. އެންމެ ނިދާކޮޓަރިއަކާ ވަޅުކޮޓަރިއެއްގެ އިތުރުން ބޮޑު ފެންޑާއެއް އޮތް އެގޭގައި ދެން ހުންނަނީ ކުޑަބަދިގެކޮޅަކާއި އިންވެގެން ހުންނަ ގުދަނެކެވެ. ހިފާ ގެންގުޅޭ ސަމާނެއް ބަދިގެއަކު ނެތެވެ. މިއިން ޒަމާނެއްގައި އެ ގޭގައި މީހަކު ދިރިނޫޅޭކަން އިމްރާނު ވެސް ބުންޏެވެ. ދެން އޭނާ ޒަލަފް ގޮވައިގެން ދިޔައީ މައިޒާނެއް ފަދަ ތަނަކަށެވެ. އެތަނުގައި ޅަކުދީންނަށް ފަތުވާދެން އިން މީހަކަށް އިމްރާނު ހަނާ އަޅާލުމާއެކު އޭނާގެ ވާހަކަތައް މެދުކަނޑާލާފައި އައިސް ނިކަން ހިނިއައިސްފައި ހުރެ އިމްރާނަށް ސަލާމްގޮވާލުމާއެކު ކަރާއިކަރުޖައްސާ ސަލާމްކޮށްފިއެވެ. އެހިނދު އިމްރާނު އެދުނީ އޭނާއަށް ވަގުތުކޮޅެއް ހުސްކޮށް ދިނުމަށެވެ. މުހިންމު ކަމަކާއިގެން އައި ކަމުގައި ބުންޏެވެ. އެއާއެކު މައިޒާން ދޮށަށް އެއްވެ ތިބި ޅަކުދީންނާ ވާހަކަދެއްކުމަށްފަހު އެ މީހުން އެ ތަނުން ފޮނުވާލިއެވެ. އަދި މައިޒާން ހަދާފައިވާ ސަރަޚައްދާއި ދުރުނޫން ހިސާބެއްގައި ހުރި އުސްފާރުތަކެއް ލާފައިވާ ގެއަށް އޭނާއާއެކު އިމްރާނާއި ޒަލަފް ވަނެވެ.
“މީ ޒަލަފް… އަހަރުމެންގެ ތެރޭގައި އުޅޭ ކުއްޖެއްނޫން… މީނާ ގެނައީ އަހަރެން…” އިމްރާނު އޭނާގެ ކުރިމަތީގައި އިން ޔޫޝައުއަށް ޒަލަފްގެ ވާހަކަ އޮޅުންފިލުވައިދެމުންދިޔައެވެ. ޔޫޝައުއަކީ އެ މީހުންގެ ތެރޭގައި އުޅޭ ޢާލިމެކެވެ. އިމްރާނުގެ މުދައްރިސެވެ. ހުރިހާ ކަމެއްގައި ޚިޔާލު ބަދަލުކުރާ އެންމެ ގާތް އެކުވެރިޔާއެވެ. އުނދަގޫވަގުތެއް އަތުވެއްޖެނަމަ އަބަދުވެސް އޭނާގެ އެހީތެރިޔާއެވެ. ޔޫޝައުގެ ބެލުމުގެ ދަށަށް ޒަލަފް ހަވާލުކުރިއެވެ. އިމްރާނު އެނބުރި އަންނަންދެނެވެ. ޔޫޝައުގެ މޫނުމަތިން ކުޑަ ވެސް ހާސްކަމެއް ނުފެނެއެވެ. އިމްރާނުގެ މައްޗަށް އޭނާއަށް އޮތް ޔަޤީންކަމާއި އިތުބާރު ޔޫޝައުގެ މޫނު މަތިން ޒަލަފްއަށް ފެނިގެންދިޔައެވެ.
* * * *
ރޫފަރަނގަޅުވެލިހެން ހީވިޔަސް ޔަލާގެ މޫނުމަތީގައިވާ މޮޅިވެރިކަން ރީހާންއަށް އުނދަގޫކުރިއެވެ. ހަފްތާއަކަށްފަހު ހޮސްޕިޓަލުން އެނބުރި ޔަލާ ގެއަށް އައެވެ. ޢާއިލާގެ މެންބަރުންނާއެކު ރީހާން ވެސް އެ ގެއަށް އައީއެވެ. ޞާބިރާގެ ޢަމަލުތަކުން ރީހާންއަކީ ދުރުހިލޭ މީހެއްގެ ގޮތުގައެއް އޭނާ ނުދެކޭ ކަން އެނގެއެވެ. ރައްޔާގެ ލޮލުގައި ވެސް ރީހާން އަޅައިގަތެވެ. ރަޙުމަތްތެރިއަކަށްވުރެ ރީހާންގެ ހިތުގައިވާ އިހުސާސްތައް ފުންވެފައި ވަރުގަދަހެން ރައްޔާއަށް ހީވިއެވެ. އެހެންނަމަވެސް އޭނާ މިވަގުތު އެފަދަ ވާހަކައެއް ދެއްކުމުން މަނާވެގަތެވެ. ރައްޔާއާއި ލުހާއާއެކު ޔަލާ އައިސް އޭނާގެ ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލިއެވެ. އެ ކޮޓަރިތެރެ ޞާބިރާ ވަނީ ސާފުކޮށް އެނދުގެ ތަންމަތި ވެސް ބަދަލުކޮށްފައެވެ. ކޮޓަރިތެރެއިން މަޑުމަޑު މީރުވަހެއް ހުއްޓެވެ. ނޭފަތުގައި އެވަސް ޖެހުމުން ނަފްސަށް ހަމަޖެހުން ލިބިގެންދާ ފަދަ އިހުސާސެއް ޔަލާއަށް ކުރެވިގެންދިޔައެވެ. މަޑުމަޑުން އައިސް އެނދުގައި އިށީނދެގެން އޭނާ އިނެވެ. ފުރަތަމަ ފަހަރަށް ޔަލާގެ ކޮޓަރިއާ ހަމައަށް އައުމުގެ ހުއްދަ ރީހާނަށް ލިބިފައި ވުމުން އޭނާ ހުރީ ބަޔާންކުރާން ދަތި އިހުސާސްތަކެއްގައި ބަނދެވިފައެވެ. ދޮރުމަތީ މަޑުކޮށްލައިގެން ދޮރުކަނީގައި ލެނގިލައިގެން ޖިންސުގެ ދެ ޖީބަށް ދެއަތްތިލަ ކޮއްޕާލައިގެން ހުރިއިރު ޔަލާގެ ކޮޓަރިއަށް ވަރަށް ރަނގަޅަށް ރީހާން ބަލާލިއެވެ. ކުޑަކޮށް ހިނިތުންވެލެވުނީ އެ ކޮޓަރިއަށް ބަލާލުމުން ވެސް އެއީ އަންހެންކުއްޖެގެ ކޮޓަރިކަން ފާހަގަވާނޭ އެތައްކަމެއް ހުރުމުންނެވެ. އަލަމާރި މަތީ ހުރި ހިކިފައިވާ މާތައް ޖަހާފައިވާ ބިއްލޫރި މާވަށިގަނޑާއި އެކިވަރުވަރުގެ “ބެއާ”ތަކާއި ކުދިކުދި ކުޝަންތައް ހުއްޓެވެ. ރީތިވާ މޭޒުމަތީ އޮތީ ފުރި ބަންޑުންވާން ކައިރިވެފައެވެ. ތިން ހަތަރު ސެންޓުފުޅިއަކާއި ރީތިވާން ބޭނުންކުރާ އެތައް ސާމާނެކެވެ.
ހިނިތުންވެލައިގެން ހުރެ ރީހާން މަޑުމަޑުން ޔަލާއަށް ގޮވާލިއެވެ. އަދި ޔަލާގެ ޢާއިލާއަށް ވަގުތު ދެމުން ރީހާން ދަނީ ކަމުގައި ބުންޏެވެ. ޔަލާ މަޑުމަޑުން ބޯޖަހާލިއެވެ. އެހިނދު ލުހާއަށް ބަލާލާފައި ކަމެއް ގޯސްވަންޏާ ރީހާނަށް ވެސް އަންގާލައްޗޭ އޭނާ ބުންޏެވެ.
އެމަޖެންސީ ޗުއްޓީ ނިންމާލުމަށްފަހު ލުހާ އޮފީހަށް ނުކުތެވެ. ޑިއުޓީ ރޮސްޓަރގައިވާ ގޮތުން ހެނދުނު ޑިއުޓީއަށް ނުކުންނަން ޖެހުމުން ލުހާއާ އަލްސާ ދިމާވިއެވެ. އެއްޑިއުޓީއަކާ ދެ މީހުން ދިމާވީ ދުވަސްތަކެއްފަހުންނެވެ.
“މިހާރު ސިސް ކިހިނެއްތަ؟” މެންދުރު ލިބުނު ހުސްވަގުތުކޮޅުގައި ކޮފީބޯން ތިބެފައި އަލްސާ އޭނާގެ ކުރިމަތީ އިން ލުހާގެ ގާތުން އަހާލިއެވެ.
“ނައު އޯކޭ… އައި ތިންކް…” ލުހާ ޔަޤީންނޫން ގޮތަކަށް ބުނެލިއެވެ.
“އޭތް! އެނގޭތަ ޒާލިފު ވެސް ޗުއްޓީގައި ހުރެފައި ނުކުންކަން… ދެ މީހުން ދިމާވި ފަހަރު ހިނގާބަލަ އޭނައަށް ކޮފީއަށް އިންވައިޓްކުރަން” އަލްސާގެ ވާހަކައިން ލުހާގެ ސިކުނޑީގައި މުޅިން އެހެން ޚިޔާލެއް އުފެދުނެވެ.
“އޭނާ އެބައުޅޭތަ އޮފީހުގައި…” ލުހާ ކުއްލިއަކަށް އަހާލިއެވެ.
“އާން! ގުޅަންވީތަ؟” އަލްސާ ނިކަން ހިނިއައިސް އަވަހަށް ބުނެލިއެވެ.
“މިއަދަކު ނޫން ދޯ… ތަންކޮޅެއް ބޮޑަށް އަނގަތަޅާލެވޭ ދުވަހަކުން ކޮފީއަކަށް ގެންނާނީ… އަހަރެން މީނީ ކަމެއް ވެސް ހަނދާންނެތިފައި… އެބަޖެހޭ ސުޕަވައިޒަރ ކައިރިއަށް ގޮސްލަން… އެހެންވެ ތަންކޮޅެއް ކުރީން ދާން ވެސް ޖެހޭނެ…” ލުހާ ބުންޏެވެ.
ކުއްލިއަކަށް ލުހާ އުޅުނީ އަލްސާގެ ކިބައިން ސަލާމަތްވާން އުޅުނު ހެންނެވެ. އެހެންނަމަވެސް އެކަން އަލްސާއަކަށް ފާހަގައެއް ނުވިއެވެ. އޭނާއަށް ހީވީ ސުޕަވައިޒަރާ ބައްދަލުކުރާން ވެފައި އޮތުމުން ލުހާ އަވަސްއަވަސްކޮށްލީ ކަމަށެވެ. ކޮފީޖޯޑުގެ މެދާ ހަމައަށް ބޯލުމާއެކު މޭޒުދޮށުން ލުހާ ތެދުވެގެން ދިޔައެވެ. އޭނާ އޮފީހާ ދިމާއަށް އައިއިރު ވެސް ދޭތެރެއަކުން ފަސްއެނބުރި ބަލާލައެވެ. އަލްސާ އައިސްދާނެތީއެވެ. އެއަރޕޯޓުގެ މައި އޮފީހުގެ މަތީ ފަންގިފިލާއަށް ހަލުވިކަމާއެކު ހަރުފަތްތައް ގިރާކޮށް ލުހާ އެރިއެވެ. ޕާޓިޝަންޖަހާ ވަކިކޮށްފައިވާ މޭޒުތަކަށް އިރުކޮޅަކު ބަލަން ހުރެފައި ފޮޓޯކޮޕީ މެޝިނުކައިރީ ހުރި ޒުވާނާ ލުހާގެ ލޮލުގައި އަޅައިގަތެވެ. އެއާއެކު ފުންނޭވާއެއް އޭނާ ލިއެވެ. ސާބިތުކަމާއެކު ހިނގާފައި އަންނަ މީހަކު ފަދައިން ލުހާ އައިސް ޒާލިފުގެ ގާތުގައި މަޑުކޮށްލިއެވެ.
“މި ނިމެނީ…” ލުހާއަށް ބަލާލާފައި ފޮޓޯކޮޕީ މެޝިނު ބޭނުންކުރަމުން ދިޔަ ޒާލިފު ބުނެލިއެވެ. އަދި އޭނާ ލުހާއަށް ބަލާލީ ދަންނަ ކުއްޖެއްހެން ހީވެފައި ހުރި ފަދަ ގޮތަކަށެވެ.
“އަހަރެން ނޭނގުނުތަ؟ ނޫނީ ނޭނގޭކަމަށް ހަދަނީތަ؟” ލުހާގެ އަޑުގައިވާ ނުރުހުމުގެ އަސަރުން އިތުރަށް ޒާލިފު ހައިރާންވިއެވެ. ލުހާ ސިއްރުން ވާހަކަދެއްކި ގޮތުން އޭނާ އައިސް އެ ހުރީ ޒާލިފު ބޭޒާރު ކުރާކަށް ނޫންކަން ޔަޤީންވެއެވެ.
“މަ މީ އަލްސާގެ ފްރެންޑް… ޔަލާގެ ކޮއްކޮ… ލުހާ…” އެހެންމީހުންނަށް ފުރަގަސް ފެންނާނޭހެން ހުއްޓިލައިގެން ހުރެ ލުހާ މިފަހަރު ވެސް ވާހަކަދެއްކީ ވައިއަޑުންނެވެ. ޒާލިފަށް ބަދަލުތަކެއް އައީ “ޔަލާ”ގެ ނަން އިވުމާއެކުއެވެ. އެހިނދު އޭނާގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ހާސްކަމެއް ފައުޅުވެގެން ދިޔައެވެ. އެ މަންޒަރު ލުހާއަށް ފެނުމުން އޭނާގެ ހިތާއި ސިކުނޑި ކަމަކަށް އެއްބަސްވިއެވެ.
“މިތާ ހުރެ ވާހަކަދެއްކުމަށްވުރެ ދެ މީހުން އެކަނިވާހަކަދައްކާލެވޭ ތަނަކަށް ދިއުމަށް ފެނޭ… އެގޮތް ޒާލްއަށް ކަމުނުދާނަމަ މިތާ ހުރެގެން ވެސް ހުރިހާ ވާހަކައެއް ދެއްކިދާނެ… މީހަކައަށް އަޑުއިވިދާނޭތީ އަހަރެން ޖެހިލުމެއްނުވޭ… އިވުނިއްޔާ ކަންނޭނގެ ރަނގަޅީ ވެސް… އޭރުންތާ ތީ ކޮންކަހަލަ މީހެއްކަން އެނގޭނީ… ރީތި ސިފައެއްގައި ފޮރުވިގެން ހުރި ކެހިވެރިއެއް…” ލުހާގެ ބަސްތަކުން ޒާލިފަށް ހިންދިރުވާލެވުނެވެ. މަޑުމަޑުން ބޯޖަހާލުމާއެކު އަތުން އިޝާރާތްކޮށްލީ އެވަގުތު އޭނާގެ ދޫ ހަރަކާތްނުކޮށްގެންނެވެ.
(ނުނިމޭ)