HEEVEY KALAA VAAHEN [EP-10]

( ހީވޭ ކަލާ ވާހެން، މި ވާހަކައަކީ 8 މެއި 2016 އިން 29 ޑިސެމްބަރ 2017 އަށް ޖުމްލަ 89 އެޕިސޮޑްގެ ގޮތުގައި ވީނިއުސްގައި ޝާއިރު ކުރެވުނު ވާހަކައެއް. )

ބެހެމަތްގެ ކޮޓަރިން ޒަލަފް ނުކުމެގެން އައިސް އޭނާގެ ކޮޓަރިއަށް ވަނެވެ. ލައިގެން ހުރި ޓީޝާޓު ބާލާފައި އެއްފަރާތުގައި ހުރި ގޮނޑިއެއްގައި އަޅު ވާލިއެވެ. އަދި އައިސް އެނދުގައި އޮށޯވެލިއެވެ. އެއާއެކު އޭނާއަށް ވެސް ވަރުބަލިކަން އިހުސާސް ކުރެވިގެން ދިޔައެވެ. ކަމަކާ ވިސްނުން ހިންގާލެވޭވަރެއް އޭނާއަކަށް ނުވިއެވެ. މަރާލި ލޮލާއެކު ނިދި ސަވާރުވެ ނިދީގެ ތެރެއަށް މީހާގެ ނަފްސު ގެއްލި ހިމޭންވެއްޖެއެވެ.

* * * *

ހެނދުނު ޑިއުޓީއަށް އައިސް އުޅުނު ލުހާއާ އޭނާގެ އެކުވެރި އަލްސާ ބައްދަލުވީ ކެފެޓީރިއާ ތެރެއިންނެވެ. ދެ އެކުވެރިން އެއް ފުރާޅެއްގެ ދަށުގައި މަސައްކަތް ކުރި ނަމަވެސް ޓްރެއިނިންގއަށްފަހު ވަނީ ދެ ޑިޕާޓްމެންޓަކަށް ބަދަލުވާންޖެހިފައެވެ. އެހެންވެ ދެ މީހުންގެ ޑިއުޓީ ގަޑިތަކަކީ އެކަކު އަނެކަކާ ބައްދަލުވެ ވާހަކަދައްކާ ހެދޭ ފަދަ ގަޑިތަކަކަށް ނުވެއެވެ.

“ޕާޓީއަށްފަހު އަދިކިރިޔާ މި ފެނުނީ” ކާތަށިތައް އަތުރާފައި ހުރި ތަބަށް ހިފައިގެން އައިސް ލުހާއާ އެއްވަރު ކުރަމުން ބުނެލިއެވެ.

“އަސްލު ވެސް ދޯ…. ދެ މީހުން ދެ ތަނަށް ބަދަލުކުރީމަ ވަރަށް ފޫހި، އަހަންނާއި އެލީއާ އެއްކޮށް އުޅޭތީ ގަސްދުގައި ކަންނޭނގެ ދެމީހުން ދުރުކޮށްލާފައި މި ތިބީ” ލުހާ މިހެން ބުނެފައި ހީނގަތެވެ. އޭނާގެ ގާތުގައި ހުރި އަލްސާ ވެސް ހީނގަތެވެ.

“އެކަނިތަ ތިއުޅެނީ… ހިނގާ މިތަނުން މޭޒެއްގެ ދޮށުގައި އިށީންނަން” އަލްސާ ބުންޏެވެ.

“ތިންމީހުން ސަޔަށް ފޮނުވީ، އަނެއް ދެ މީހުން ހިނގައްޖެ… އެލީ ވެސް އެކަންޏެއްނު ތި އުޅެނީ”

އަލްސާއާ ވާހަކަދައްކަމުން ލުހާ އައިސް މޭޒެއްގެ ދޮށުގައި އިށީނެވެ. ދެ މީހުން ވެސް ދައްކަމުން ދިޔައީ އެކުގައި މަސައްކަތްކުރާން ޖެހިފައި ތިބި މުވައްޒަފުންގެ ވާހަކައެކެވެ. އެގޮތަށް އެކިއެކި ވާހަކަ ދެކެވެމުން ދަނިކޮށް އަލްސާ ކުއްލިއަކަށް މޭޒުމަތީ އޮތް ލުހާގެ އަތުގައި ހިފީ ކަމެއް ހަނދާންވެގެންނެވެ.

“އޭތް! އަދި ހަނދާންނެތިފައޭ މި އިނީ… އެއްކަލަ ސާފް ބޯއީ އެބައުޅޭ އޮފީހުގައި… އޭނާ ބަލާލަން ލުހާ ނުދާނަންތަ؟ އަދި ހާދަ ފޫއްސެއްވެޔޭ… މިއުޅޭ އަންހެނުންތަ ހީވަނީ އޭނާ ނޫނީ މިތަނުގައި ފިރިހެނަކު ނޫޅޭހެން….” އަލްސާ މޫނަށް ވައްތަރެއް ޖައްސާލިއެވެ.

“ހޫން! ހޫން! އެލީ ކްރަޝްވީމަ އެހެން މީހުން އޭނާއަށް ބަލައިގެން ނުވާނެ ދޯ” ލުހާ ދިމާކޮށްލިއެވެ.

“އައި ނޯ ހިމް މާ ކުރީން ފެށިގެން” އަލްސާ ފޮނި ގޮތަކަށް ބުނެލިއެވެ.

“މިއަދު އެކަމަކު އޭނާ ބަލާށޭ ކިޔާފައި ނުދެވޭނެ، ފަނަރަ މިނެޓު ބޭރުގައި އުޅެން ލިބުނީ، މިހާރު ފަސްމިނެޓަށްވީ… އަދި މީނީ ސައިބޯން… ފަހަރެއްގައި ޑިއުޓީ ނިމޭ ގަޑީގައި އޭނާ އުޅެންޏާ އެލީއާ އެކީ ހިނގައިދާނަން ތި ބުނާ ސާފް ބޯއީއެއް ބަލަން” ލުހާ މިހެން ބުނެ ކުޑަކޮށް ހީނލިއެވެ.

“ރަސްމީގަޑި ނިމޭއިރަށް އޭނާ ދާނެ” އަލްސާ ބުންޏެވެ.

“އޭނާގެ ފޮޓޯއެއް އެލީ ނަގާބަލަ، އޭރުން ނިކަން ތި މީހެއްގެ ހުރި ރީތިކަމެއް ވެސް މަށަށް ފެންނާނެއެއްނު” ލުހާ ބުންޏެވެ.

“ދެން އެހެން ދުވަހަކަށް ހަދާނީ… އަހަރެން ފަހުން ގުޅާނަން ލުހާއަށް، ދެ މީހުން ޑިއުޓީ ދިމާވާ ދުވަހަކުން މިކަންކޮށްފައި ހުއްޓާލަންވާނީ” މަޖާވެލާފައި އަލްސާ ބުންޏެވެ. އޭރު ލުހާ އަވަސްއަރުވާލާފައި ސައިބޮއެ ނިންމައިލައިފިއެވެ.

“ތީ އެންމެ ރަނގަޅު ގޮތް… އޭތް! އޯކޭ ދެން މަ ދަނީ އިނގޭ…” ލުހާ އިންތަނުން ތެދުވެގެން ހިނގައިގަތީ އަލްސާ ބޯޖަހާލުމުންނެވެ.

ދެ ކޮޅަށް ހިނގާލަ ހިނގާލާ ޒަލަފް ހުއްޓާ އެތަނަށް ބެހެމަތް ފައުޅުވިއެވެ. އޭނާ ފެނުމުން ޒަލަފް ލުއި ހިނިތުންވުމެއް ބަދަލުކޮށްލާފައި ހިނގައިގަތީ ބިމުން މައްޗަށް އަރާފައި ހުރި މޫގަނޑުތަކާ ދިމާ އަށެވެ. އެތަނުން ފަލަ މޫގަނޑެއްގައި އިށީނުމަށް ބެހެމަތްއަށް ބުނެފައި އޭނާ ވެސް ރަނގަޅު ތަނަކު ފޫ ހަމަޖައްސާލިއެވެ.

“ބެހެމަތްގެ ބައްޕަ އެއްވެސް ވާހަކައެއް މިއަދު ދެއްކިތަ؟” ޒަލަފް ފުރަތަމަ ވެސް އެނގެން ބޭނުންވީ ރެއަށްފަހު މެލްފަސްގެ ޚިޔާލު ހުރި ގޮތެކެވެ.

“ނުބުނޭ އެއްވެސް އެއްޗެއް… ކީއްކުރަން މިތަނަށް އަންނަން ބުނީ” ބެހެމަތް ސުވާލުކުރިއެވެ.

“މިހާރަކަށް އައިސް ބެހެމަތް އުޅޭ ގޮތުން އަހަރެން މިހުންނަނީ ވާނުވާ ނޭނގިފައި… ކީއްވެތަ އަހަންނަށް ފިލައިގެން އުޅެންފެށީ، އަހަންނަށް ކަމެއް ކުރެވުނީތަ؟ އަނެއްކާ ބެހެމަތްއަށް އެނގޭނެ އަހަރެންގެ އަމިއްލަ ކަންތައްތަކާ ބެހުމަކީ އަހަރެން ހިތްހަމަނުޖެހޭނެ ކަމެއްކަން…. އެއްވެސް މީހަކު އަހަންނަށް ފާރަލާކަށް ނޭދެން… ބުނެބަލަ… ކީއްވެތަ ބެހެމަތްއަށް ތި ބަދަލުތަކެއް އައިސްގެން ތިއުޅެނީ” ޒަލަފް އިނީ ބެހެމަތްގެ ފަރާތުން އެދެވޭ ޖަވާބެއް ލިބޭނެ ކަމުގައެވެ.

“ޒަލަފްއަކީ މިހާރު އަހަރުމެންގެ މީހެއްނު… އަހަރެން ކަހަލަ ޖިންނިއެއް ތީ ވެސް… އެވަރު ޒަލަފްއަށް ނުވިސްނޭތަ؟ ދެން ކީއްވެ ތި ހުރިހާ ގޮތްގޮތަކަށް ތިއުޅެނީ… ބައްޕަމެންނަށް ޒަލަފް ކުރާ ކަންތައް އެނގިއްޖެއްޔާ ވާނޭ ގޮތަކާ މެދު ޒަލަފް ވިސްނާނުލަންތަ؟ އަހަރެން ހީކޮށްގެން ހުރީ އަހަރުމެންގެ ތެރެއަށް ޒަލަފް އައުމުން ހުރިހާ ކަމެއް ވެސް ވިސްނޭނެކަމަށް… އަހަންނާއި ޒަލަފްއަކީ ކިހާ ގާތް ދެ މީހުންކަން އެނގޭނެކަމަށް… ޢާއިލާ ތެރޭގައި މާކުރީއްސުރެ ރޭވިގެން ހިނގަމުންދާ އެތައްކަމެއް ހުރިއިރު އެކަންތައްތައް ޒަލަފްއަށް ވެސް އެނގޭނެކަމަށް…” ބެހެމަތް ވާހަކަދެއްކިއިރު އޭނާގެ އަޑުގައި ރުޅިވެރިކަމެއް ނުވެއެވެ. ދޭތެރެއަކުން ޒަލަފްއާ ހަތަރުކަޅި ހަމަކޮށްލައެވެ.

“އަހަރެންގެ ދިރިއުޅުމަކީ އަހަރެންގެ އަމިއްލަ އެއްޗެއް… އެ މިނިވަންކަން އަހަންނަށް ނުލިބޭނަމަ މި ތަނުގައި އުޅުމުގެ ބޭނުމެއްނެތް… އަހަންނަށް އެނބުރި ގޮސް މަންމަ ގާތުގައި ވެސް ހުރެވޭނެ… އެމީހުން ވެސް މިހާރު އަހަންނަށް ކަންތައްތަކަށް ހުރައެއް ނާޅާނެ…” ޒަލަފް ބުންޏެވެ.

“ޒަލަފްއަށް އަދިވެސް އަހަރެން ބުނަން މިއުޅޭ ވާހަކައެއް ނުވިސްނޭތަ؟” ބެހެމަތްގެ ލޮލުން މާޔޫސްވެފައި އިންވަރު ހާމަވެގެން ދިޔައެވެ.

“ކޮންކަމެއްތަ؟” ޒަލަފްއަށް ބެހެމަތްގެ ވާހަކަ އޮޅިއްޖެ ކަހަލައެވެ.

“ޖިންނިއަކު އިންސާނަކާއެކު އުޅޭނީ ކިހިނެއްތަ؟ އިންސާނަކާއެކު ހިންގާ ގުޅުންތަކަކީ އެމީހުންގެ ތެރޭގައި ވެސް އަދި އަހަރުމެންގެ ތެރޭގައި ވެސް ހުއްދަ ކަމެއްނޫން… މައްސަލައަކީ އެފަދަ ކަންކަމުން ނުކުންނަ ނަތީޖާ ގޯސްވާތީ… އަހަރުމެންނަކީ ކިތަންމެ ބާރުގަދަ ބަޔަކަށް ވިޔަސް އިންސާނުންނަށް ޖިންނީން އަންދާލުމުގެ ބާރު ލިބިފައިވޭ… ހަނދާންކޮށްބަލަ ޒަލަފްގެ މަންމައާއި ބައްޕައަށް ދިމާވި ޙާދިސާ… އެ ދެމީހުންގެ ސަބަބުން ޒަލަފްއަށް ކަންތައް ދިމާވިގޮތް ހަނދާންކޮށްބަލަ… ކާކަށް މިހާތަނަށް އުފަލުގައި އުޅެވިފައި ހުރީ…”

“ބެހެމަތް… ދެން ހުއްޓާލާ… އަހަރެން ލޯބިވާ މީހާދެކެ ލޯބިނުވާށޭ ބެހެމަތް ތި ބުނަނީ… އެކަމަކު އެއީ އަހަންނަށް ވާނޭ ކަމެއްނޫން… ބެހެމަތްއާ އަހަރެން ވާހަކަދައްކަން ބޭނުންވީ އަހަންނަށް ފާރަނުލާށޭ ބުނަންވެގެން…. އަހަރެން ދާހާތަނެއް ބެހެމަތް ބަލާ ހެދުމަކީ އެއްގޮތަކަށް ވެސް އަހަރެން ރުހޭ ކަމެއްނޫން… އެހެންވީމަ، މިއަދުން ފެށިގެން ބެހެމަތް ނުވާނެ އަހަރެންގެ ޒާތީ ކަންކަމާ ބެހި އަހަންނަށް ފާރަލައި އަދި އަހަރެން ހުއްޓުވަން މަސައްކަތްކޮށްގެން، އެކަހަލަ ކަމެއް ވެއްޖެނަމަ އަހަރެން ދެކޭނީ ތީ އަހަރެންގެ ދުޝްމިނެއްގެ ގޮތުގައި… އަހަރެންގެ ލޯތްބަށް ގެއްލުންދޭން އުޅެފިނަމަ އެ މީހަކަށް އަހަރެން ދުވަހަކު ވެސް މާފެއްނުކުރާނަން…” ޒަލަފްގެ ހިތަށް އުނދަގޫވިއެވެ.

“ކީއްވެ އެއްޗެއް ނުބުނީ” ބެހަމަތް އަނގައިން ނުބުނެ އިސްޖަހާލައިގެން އިންނަން ފެށުމުން ޒަލަފް ސުވާލުކުރިއެވެ.

“ކަމެއްނުވޭ… ޒަލަފްއަށް އުނދަގުލެއް ނުކުރާނަން ދެން” ބެހެމަތް ބުންޏެވެ. އަދި އިތުރު ވާހަކައެއް ނުދައްކަން އޭނާ އެތަނުގައި ޤައިބުވިއެވެ. ޒަލަފް ވެސް އިރުކޮޅަކު ބަލަން ހުރެފައި އޭނާގެ ބާރުގެ ބޭނުންކޮށް ހުރި ތަނުން ގެއްލިއްޖެއެވެ.

އެ ދުވަހަށްފަހު ޒަލަފްއަށް ބެހެމަތްގެ ފަރާތުން އެއްވެސް ކަހަލަ ހުރަސްތަކެއް ދިމައެއްނުވެއެވެ. އެހެންނަމަވެސް ބެހެމަތް ދިޔައީ ޒަލަފްއަށް ނޭނގި ޔަލާގެ ކަންކަން ބަލަމުންނެވެ. އަދި ފުރުޞަތަކަށް މަޑުކޮށްލައިގެން އޭނާ ހުރި ކަހަލައެވެ. ކޮންމެ ރެއަކު ވެސް ޒަލަފްއާއި ޔަލާ ބައްދަލުކުރެއެވެ. އެންމެ ބޮޑު ނަފުރަތުކަމެއް ބެހެމަތްގެ ހިތުގައި އުފެދެނީ ޔަލާގެ ކޮޓަރިއަށް ޒަލަފް ވަންނަކަން އެނގޭތީއެވެ. އެ ދެމެދުގައި އޮތް ގުޅުން ވަރަށް ބޮޑަށް ވެސް ގާތްކަން އެނގޭތީއެވެ. ހިތުގައި އަނދަމުންދިޔަ ހަސަދަ ބެހެމަތްއަށް ނުހިފެއްޓޭ ހިސާބަށް ގޮސްފައިވެއެވެ. ޒަލަފްއާ ދެކޮޅަށް ތެދުވާން ބޭނުންވިޔަސް އޭނާއާ އޮތް ގުޅުން އިތުރަށް ހީނަރުވެދާނެކަމުގެ ބިރުގައި ބެހެމަތްއަށް އެގޮތަށް ކަންތައްކުރާކަށް ނުކެރެއެވެ. ނަމަވެސް އެއްދުވަހަކު ޒަލަފްއަށް ނޭނގި ބެހެމަތް ޔަލާއަށް ފާރަލަމުން ގޮސް ހޮސްޕިޓަލުން ގެއަށް އަންނަނިކޮށް ސައިކަލު ވައްޓާލިއެވެ. ބޮޑުއަނިޔާއެއް ދޭން އުޅެފައި ވެސް ބެހެމަތްއަށް ޒަލަފް ބުނެފައިވާ ބަސްތައް ހިތަށް އަރާފައި ފަސްޖެހެވުނީއެވެ. އެދުވަހު މާބޮޑު އަނިޔާއެއް ނުވެ ޔަލާ ސަލާމަތްވިއެވެ.

ހުސްވަގުތެއް ލިބުމާއެކު އަލްސާ އަވަސްވެގަތީ މަތީ ފަންގިފިލާގައި ހުންނަ އޮފީސް ބަޔަށް ދާށެވެ. ސިޑިން އަރައިގެން ހަލުވި ފިޔަވަޅުތަކުގައި އައިސް ބިއްލޫރި ދޮރު ކޮށްޕާލާފައި އެތެރެއަށް އޭނާ ވަނެވެ. ވަށައިގެން ހޯދާލުމާއެކު އައިސް ޕާޓީޝަންގެ މަތިން މޭޒުގެ ދޮށުގައި އިން ޒުވާނާއަށް ގޮވާލިއެވެ.

“މިއައީ ކޮފީއަށް ދާން ބަލާ… މިއަދު ޖެހޭނީ ދާން…” އަލްސާ ގޮތްދޫނުކުރާ ކަހަލަ ގޮތަކަށް ބުނެލިއެވެ.

“އަފްރާޙުގެ ކޮއްކޮވީމަ އަހަރެން ދާން އެއްބަސްވީ…” މޭޒުގެ ދޮށުގައި އިން ޒުވާނާ ބުންޏެވެ.

“އެއްތަނެއްގައި އުޅެންޏާ މިހެން ބްރޭކްގަޑީގައި ކޮފީއަށް ބޯލަން ދިއުމަކީ މައްސަލައެއްނޫނެއްނު… އަހަރުމެން ދެ މީހުންނަކީ ނުދަންނަ ދެމީހުންނެއް ވެސް ނޫން…” އަލްސާ ހިނިތުންވެލިއެވެ.

އަލްސާއާއިއެކު އޮފީހުން ނުކުން ޒުވާނާ ބެގީ ރަނގަޅުކޮށްލުމާއެކު ކަރުގައި އޮތް ޓައީ ވެސް ރަނގަޅުކޮށްލިއެވެ. އަދި އަލްސާއާއެކު އޭނާ ދާ ދިމާއަކަށް ހިނގަމުން ދިޔައެވެ. ދެ މީހުން އައިސް އެއަރޕޯޓުގައި ހަދާފައި ހުންނަ ރެސްޓޯރެންޓަށް ވަނުމާއެކު ދޮރުކައިރީ ހުރި މޭޒެއްގެ ދޮށުގައި އިން ލުހާ ހަނާ އަޅާލިއެވެ. އެހިނދު ދަތްތައް ފެންނަ ވަރަށް ހިނިއައިސްފައި ހުރި އަލްސާ ލޮލުގެ އިޝާރާތުން އޭނާގެ ގާތުގައި ހުރި ޒުވާނާ ދައްކާލަމުން އެއްލޯ މަރާލިއެވެ.

“ހިނގާ މިތާ އިށީންނަމާ…” އަލްސާ ބުންޏެވެ.

“އަހަރުމެން ދެމީހުން އެކަނިތިބެ ކޮފީ ބޯކަށް ނޫންތަ މިއައީ” ހައިރާންވެފައި އެ ޒުވާނާ އަލްސާއަށް ބުންޏެވެ.

“ޝީޒް މައި ބެސްޓީ… އިޓްސް އޯލްރައިޓް… ކަމޯން…” އަލްސާ މިހެންބުނެ އެ ޒުވާނާގެ އަތަށް ކުޑަކޮށް ދަމާލިއެވެ. ކުޑަކޮށް ހިތްހަމަނުޖެހިފައި ހުރެ އޭނާ އަލްސާއާއެކު އައިސް ލުހާ އިން މޭޒުގެ ދޮށުގައި އިށީނެވެ.

އަޖައިބުވެފައި ލުހާއަށް ހަމަ ބެލެނީ އަލްސާއާއެކު އައިސް އިށީން ޒުވާނާއަށެވެ. އަލްސާ އެ މީހަކަށް ހިތް ދީގެން އުޅޭ ޒުވާނާއަކީ ލުހާގެ ދައްތަގެ ބޯއީފްރެންޑުކަމުގައި އޭނާއަށް ޔަޤީނެވެ. ސާފްބޯޑެއް ހިފައިގެން ލުހާއާއި ޔަލާއަށް އެ ޒުވާނާ ފިލަން އުޅުނު ދުވަހުގެ ހަނދާން ވެގެން ދިޔައެވެ.

“ޒާލް…. ޒާލް ދޯ ތީ…” ލުހާ ބުނެލި އެއްޗަކުން އެ ޒުވާނާގެ ވެސް ދެ ލޯ ބޮޑުވެގެންދިޔައެވެ.

“މީ ޒާލިފު… މީ ލުހާ…” އަލްސާ އިނދެފައި އެކަކު އަނެކަކަށް ތަޢާރުފުކޮށްދިނެވެ.

“ލުހާއަށް ޒާލިފު އެނގޭތަ…” އަލްސާ ކުރި ސުވާލަށް ޖަވާބުދޭން ލުހާ ޖެހިލުންވިއެވެ. އޭނާގެ ކުރިމަތީ އިން ޒުވާނާއަކީ ޔަލާ މިހާރު ރައްޓެހިވެގެން އުޅޭ ކުއްޖާކަން އަލްސާއަށް އެނގިއްޖެއްޔާ އޭނާ ދެރަވާނޭވަރު ލުހާގެ ހިތަށް އެރިއެވެ.

“ނޫން… ނޭނގޭ…” ލުހާ ދޮގު ހެދިއެވެ.

“ޔާލް ބުނި ޒާލްއަކީ އެއްވެސް މަސައްކަތެއް ކުރާ މީހެއްނޫނޭ… އޯ… ޔާލް ބުނެގެން ކަންނޭނގެ އެއަރޕޯޓު ޖޮބަށް ކުރިމަތިލީ… އޯމައިގޯޑް… ޔާލްއަށް އެނގިއްޖެއްޔާ ވަރަށް ސަޕްރައިޒްވާނެ… ޔެސް… މެސެޖުކޮށްލަންވީ…” ލުހާގެ ހިތަށް އަރަމުން ދިޔައެވެ. އަވަސް އަވަހަށް ފޯނު ނަގައި މެސެޖު ލިޔަން ފެށިއެވެ.

“ހޭ… ޔާލް… އަހަރެން މީނީ އެއަރޕޯޓް ރެސްޓޯރެންޓުގައި ޔާލްގެ ބިޓާ އެއްކޮށް ކޮފީ ބޯން… ކެން ޔޫ ބިލީވްއިޓް… ވައިޓް… ފޮޓޯއެއް ވައިބަރ ކޮށްލާނަން” ސިއްރުން ލިޔުނު މެސެޖު ލުހާ ފޮނުވާލީ ޔަލާއަށެވެ.

“އަހަރުމެން ދެ މީހުން ކުރިން ބައްދަލުވިތަ” ޒާލިފަށް އުނދަގޫތަކެއް ވެގެން އެންމެފަހުން ލުހާގެ ގާތުގައި އަހާލިއެވެ.

“އައި ޑޯންޓް ތިންކް ސޯ…” ލުހާ އަވަހަށް ނޫންކަމަށް ހަދާލިއެވެ. އަދި ވަރަށް ސިއްރުން ޒާލިފަށް ނޭނގި އޭނާ ކޮފީތަށީގައި ތުންޖެހި ވަގުތު ފޮޓޯއެއް ނަގައި ޔަލާއަށް ފޮނުވާލިއެވެ.

ބަލިމީހުން ބަލަން ހަމަޖެހިފައި އޮތް ވަގުތު ހަމަވުމުން ޔަލާ އައިސް ޑަކްޓަރު ވިޖޭގެ ކެބިންނަށް ވަނެވެ. އަދި އެ ތަނުގައި ހުރި ޔަލާގެ މޭޒުގެ ދޮށުގައި އިށީނެވެ. ޑަކްޓަރު ވިޖޭ ވެސް އައިސް އެ ކެބިންނަށް ވަނީ ހަމަ އެވަގުތުއެވެ. އޭނާއަށް ޔަލާ ފެނުމާއެކު ކަމަކާ މަޝްވަރާ ކުރަންވެފައި އޮތް ކަމުގައި ބުންޏެވެ. އަދި އައިސް ޑަކްޓަރު ވިޖޭގެ މޭޒުގެ ވަތްގަނޑަކުން ފައިލެއް ނަގައި ޔަލާއަށް އިޝާރާތްކޮށްލީ އެ މޭޒުގެ ދޮށަށް އައުމަށެވެ.

ފޯނުގައި ހުރެގެން ރީހާން އައިސް ޑަކްޓަރު ވިޖޭގެ ކެބިންނަށް ވަނެވެ. އޭނާއަށް ޔަލާ ފެނުމާއެކު ހިނިތުންވެލަމުން ނިތް އަރުވާލިއެވެ.

“އައި އާސްކްޑް ހިމް ޓު ޖޮއިން އަސް” ރީހާން އައި ސަބަބު ޔަލާއަށް ޑަކްޓަރު ވިޖޭ އޮޅުންފިލުވައިދިނެވެ.

ރީހާން ވެސް ފޯނުކޯލު ނިންމާލާފައި އައިސް ޑަކްޓަރު ވިޖޭގެ މޭޒުދޮށުގައި ޔަލާއާ ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. އަދި އެ މީހުން މަޝްވަރާކުރަމުން ދިޔައީ ބަލިމީހެއްގެ ކޭސް ފައިލެއް ހުޅުވައިލައިގެން ތިބެއެވެ.

ޕްރައިވެޓް ކޮޓަރިތައް ހުރި ހޯލްވޭއިން ޝިޔާރު އައީ އޭނާގެ އެކުވެރިއެއްގެ އަންހެނުން ވިހައިގެން އޮތަތީ އެ މީހުންނަށް ގޮވާލާށެވެ. ހަތާވީސް ނަންބަރު ކޮޓަރީގެ ދޮރު ހުޅުވާލުމަށް ތަޅުގައި ހިފާ އަނބުރާލި ވަގުތު ކޮޓަރީގެ އެތެރެއިން މީހަކު ދޮރުގެ ތަޅުގައި ހިފިގެން ޝިޔާރަށް ހީވިއެވެ. އެހެންނަމަވެސް އޭނާ ދޮރުފަތް އެތެރެއަށް ހުޅުވާލިއެވެ. އެހިނދު އޭނާއަށް ހުއްޓުން އެރީ ކުރިމަތީ ހުރި ސިތާރާ ފެނިފައެވެ. އޭރު ސިތާރާގެ ފަހަތުގައި ދެތިން ނަރުސްކުދީން ތިއްބެވެ. ޝިޔާރަށް ނަޒަރު ހުއްޓާލައިގެން ހުރެވުނީ ސިތާރާގެ މޫނަށެވެ. އެ ދެލޮލުން ޝިޔާރަށް ނުބަލަން އުޅޭވަރު އޭނާ ދެނެގަތެވެ.

“އެސްކިއުޒް މީ ސަރ…” ކުޑަކޮށް ނުރުހިފައި ހުރި ގޮތަކަށް ސިތާރާ ބުނެލިއެވެ. އެއާއެކު ޝިޔާރު އެއްފަރާތަށް ޖެހިލިއެވެ. އޭނާގެ މޫނުމަތިން މާޔޫސްކަން ފެނިގެން ދިޔައެވެ. ސިތާރާއާއިއެކު ނަރުސްކުދީންތައް ގޮސް ލޯ މަތިން އޮބާލަންދެން އެ ދިމާއަށް ބަލަން ޝިޔާރު ހުއްޓެވެ.

“އޭގެ ފަހުން ހަ އަހަރުވީ… އަދިވެސް ހަމަ އެގޮތުގައި…” މަޑުމަޑުން ތުނިކޮށް ހުރި ތުނބުޅިމަތިމަހުގައި އަތްތިލަ ހިންގާލަމުން ޝިޔާރު އަމިއްލަ ހިތާ ވާހަކަދެއްކިއެވެ. ހަށިފުރާ ލީ ނޭވާއާއެކު ޝިޔާރު ދެފަރާތަށް މަޑުމަޑުން ބޯހޫރާލިއެވެ. ހީވީ ސިކުނޑިން ޚިޔާލުތަކެއް ނެރެ ބޭރުކޮށްލި ހެންނެވެ. އަދި ހުޅުވާފައި ހުރި ދޮރުން އެ ކޮޓަރިއަށް އޭނާ ވަނެވެ.

ޑިއުޓީ ނިންމާފައި ސިތާރާ ގެއަށް ދާން ހޮސްޕިޓަލުން ނުކުތެވެ. ޔަލާއާއެކު ސައިކަލުގައި ދިއުމަށް އޭނާ ސިތާރާ ގާތުން އެދުމުން ވެސް ބަހަނާއެއް ދައްކާފައި އެކަނި ގެއަށް ދިއުމަށް ޚިޔާރުކުރީއެވެ. ހީވަނީ ކޮންމެވެސް ކަމަކާ ޠަބީޢަތް ގޯސްވެފައި ހުރި ހެންނެވެ. މޫނުމަތިން މަޑުމޮޅިކަން ފާޅުވޭވޭ ހުއްޓެވެ. ކުރިއަށް ނަޒަރު ހުއްޓާލައިގެން ހުރެ ހިނގަމުން ދިޔަ ނަމަވެސް އެ މަގަށް ސިތާރާގެ ސަމާލުކަމެއް ދެވިފައެއް ނުވެއެވެ. އެއާ ޚިލާފަށް އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ތަފާތު ޚިޔާލުތަކެކެވެ. ހަމަބިމަށް އޭނާއަށް އާދެވުނީ ދާދި ކައިރިން ކާރެއްގެ ބަރުގޮނުގެ އަޑު އިވިގެންނެވެ. އަވަސް އަވަހަށް މަގުގެ އެއްފަރާތަށް ޖެހިލަމުން އަޑު އައި ދިމާއަށް ބަލާލިއެވެ.

“އަހަރެން ބޭނުން ވާހަކަދައްކާލަން، ފޯނަށް ގުޅީމަ ވެސް ފޯނެއް ނުނަގަމެއްނު” ކާރުގައި އިން ޝިޔާރު ވާހަކަދެއްކީ ސިތާރާއާއެވެ.

“އަހަރެން ނޫޅެން ވާހަކަދައްކާކަށް… ކޮންމެހެން އަހަރެން ފަހަތުން އަންނާނެކަމެއްނެތް…” މޫނު ހަދާލި ސިތާރާ ހިނގުން އަވަސްކޮށްލިއެވެ. ޝިޔާރު އޭނާގެ ކާރުގައި ސިތާރާއާ އެއްވަރަށް ދުއްވޭތޯ ބެލިއެވެ.

“ހިނގާފަ ގެއަށް ތިދަނީ… އެއީ ކައިރި ހިސާބެއް ވެސް ނޫނެއްނު… އާދޭ އަހަރެން ގެންގޮސްދޭނަން” ޝިޔާރުގެ އަޑުގައި ހުރީ މަޑުމައިތިރިކަމެވެ. އޭނާ ސިތާރާއާ ސަމާސާ ކުރަނީކީ ނޫންކަން އޭނާގެ މޫނުމަތީގައިވާ އަސަރުތަކުން އެނގެއެވެ.

“ކިހާ ދެރަކަމެއް… އަހަރެން ވާހަކަދައްކަން ބޭނުންނުވާއިރު ވެސް ކީއްވެތަ ތި އުނދަގޫ ކުރަނީ” ސިތާރާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.

“އަދިވެސް ސިތޫގެ ރުޅި ފިނިނުވަނީތަ… އޭގެ ފަހުން…” ޝިޔާރަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ސިތާރާ ވާހަކަދައްކަން ފެށިއެވެ.

“އާން! މި ރުޅިއެއް ފިންޏެއްނުވާނެ… ދުވަހަކު ވެސް ނުވާނެ…. އަޑުއިވިއްޖެތަ؟ ދެން އަހަންނަށް އުނދަގޫނުކޮށް ދާން އުޅޭ” ސިތާރާ ބަލާލި ގޮތުން ޝިޔާރަށް އެ ދެލޮލުން ފައުޅުވީ ރުޅިވެރިކަމެއް ނޫނެވެ. ޝަކުވާއެވެ. ހިތްދަތިކަމެވެ. އިތުރަށް ޝިޔާރު މާޔޫސްވީ އެހެންވެއެވެ. ހިމޭންކަން ޚިޔާރުކޮށް ސިތާރާ އެދުނު ފަދައިން އޭނާއާ ދުރަށް ދިއުމަށް ކާރުގެ ދުވެލި ބާރުކޮށްލިއެވެ.

ސިކުނޑިން ޚިޔާލުތައް ނެރެން މަސައްކަތް ކުރި ނަމަވެސް އެކަމަށް މާބޮޑު ކާމިޔާބެއް ސިތާރާއަކަށް ނުލިބުނެވެ. ބާރަށް ހިނގާފައި އޭނާ އައީ ރައްޔާ މެންގެއަށެވެ. ރައްޔާއަކީ ސިތާރާގެ އެންމެ ގާތް އެކުވެރިޔާއަށް ވާއިރު އެގެއަކީ އޭނާ ޢާންމުކޮށް އައިސް އުޅޭ ގެއެކެވެ. ނަވާޒުގެ ކޮއްކޮއަކަށް ސިތާރާ ފެނިގެން ރައްޔާ ކޮޓަރީގައި އެބައުޅޭ ކަމުގައި ބުންޏެވެ. ރައްޔާގެ ކޮޓަރިއަށް ދާނޭ މަގު މީހަކު ސިތާރާއަށް ދައްކައިދޭކަށް ނުޖެހެއެވެ. އޭނާ އަމިއްލަ އައިސް ރައްޔާގެ ކޮޓަރީގައި ޓަކިދިނެވެ. އެއާއެކު ދޮރު ހުޅުވާލީ ރައްޔާގެ ފިރިމީހާ ނަވާޒެވެ.

“ސިތާރާ… ޔުނީފޯމުގައި ކޮންދަތުރެއް” ނަރުސް ޔުނީފޯމުގައި ހުރި ސިތާރާ ފެނިފައި ނަވާޒު ބުންޏެވެ. އަދި ދޮރުހުޅުވާލާފައި އެތެރެއަށް ޖެހުނީ ސިތާރާ ވަންނަން ތަންދައްކާފައެވެ.

“އޭތް! އަންގާ ވެސް ނުލާ ތި އައީ… ކިހިނެއްވީ؟” ކުޑަދަރިފުޅުގެ ނެޕީ ބަދަލުކުރަން ހުރި ރައްޔާ ވަރަށް އުފާވެލާފައި ބުންޏެވެ.

“ވަރަށް ދުވަސްވެއްޖެއެއްނު ނާދެވޭތާ… އެހެންވެ ގެއަށް ދަމުން މިގެއަށް ވަދެލީ” ސިތާރާ ބުންޏެވެ.

“ރައްޔާ، އަހަރެން އަންނާނަން ސަމަދު ކައިރިއަށް ޖައްސާލާފައި” ނަވާޒު ބޭނުންވީ އޭނާގެ އަންހެނުންގެ އެންމެ ގާތް އެކުވެރިޔާ އެގެއަށް އައުމުން އެ ދެ މީހުން ވާހަކަދައްކާލަން ވަގުތު ދޭށެވެ.

“ސިތާރާ ގެއަށް ލާދެން އަނައްޗޭ، ވަރަށް ދުރެއްނު އެއީ” ނަވާޒަށް ބޯޖަހާލާފައި ރައްޔާ ބުންޏެވެ.

“ދާންވީމަ ގުޅާ…” ނަވާޒު މިހެން ބުނެފައި ކޮޓަރިން ނުކުތީ ދޮރުލައްޕާލާފައެވެ.

“ނަވާޒު އެ ދިޔައީ އަހަރުމެން ދެމީހުންނަށް ވާހަކަދައްކަން ފުރުޞަތުދީފައި… ކޮބާ ޔަލާ؟ އޭނާއާ ދިމާއެއް ނުވޭތަ؟” ނެޕީޖަހައިގެން ދަރިފުޅު ގެނެސް ކުޑައެނދުގައި ބާއްވާފައި ރައްޔާ ހުސްވެލީ ސިތާރާއަށެވެ.

“ޔަލާ ކައިރީ އަހަރެން ބުނީ ގެއަށް ދާށޭ، އަހަރެން ދާނީ ތަނަކަށް ވަދެލާފައޭ… އޭނާއަކަށް ނޭނގޭނެ އަހަރެން މިގެއަށް އައިކަމެއް” ސިތާރާގެ ވާހަކަދެއްކުމުގައި ތަފާތުކަމެއް ހުރިކަން ރައްޔާއަށް ވަގުތުން ނަގައިގަނެވުނެވެ.

“އޯކޭ… ދެން ބުނޭ… މިހާރު މަށަށް ޔަޤީން ސިތާރާ ތިއައީ ކޮންމެވެސް ވާހަކައެއް ދައްކަންކަން… ކަމެއް ދިމާވީތަ؟” ރައްޔާ އަހާލިއެވެ.

“ޝިޔާރު…” މަޑުމަޑުން ސިތާރާ ބުނެލިއެވެ.

“މިހާރު އޭނާ ކީއްކުރީ…” ރައްޔާގެ މޫނު މަތިން ކުއްލިއަކަށް ނުރުހުން ފައުޅުވެގެން ދިޔައެވެ.

ކަންތައްވީގޮތް ސިތާރާ ކިޔައިދިނުމުން އިރުކޮޅަކު ރައްޔާ ވިސްނަން އިނެވެ. އަދި އެކުވެރިޔާގެ އަތުގައި އޭނާ ހިފާލާފައި ވާހަކަދައްކަން ފެށިއެވެ.

“އޭނާ ދައްކަން އުޅޭ ވާހަކައެއް އަޑުއެހުމަކުން ގޯހެއްނެތްހެން ހީވަނީ… މިހާރު އޭގެ ފަހުން ކިތައް އަހަރު މިވީ، ބައެއްފަހަރު ހިތަށް އަރާ ކީއްވެބާއޭ އޭނާ މީހަކާ ނީނދެ އެ ހުންނަނީ، އެ ފަހަރު ވެސް އޭނާ ކައިވެންޏެއް ކުރާކަށް ގަސްދެއް ނުކުރެއެއްނު”

“ނުކުރާނެއެއްނު، އޭނާ ބޭނުންވާ މިނިވަންކަން އޮންނާނީ އެގޮތަށް ކައިވެންޏެއްނުކޮށް ހުރީމައެއްނު” ރައްޔާގެ ވާހަކައަށް ސިތާރާ ރައްދު ދިނެވެ.

“އެހެންވިޔަސް އޭނާ އަދިވެސް ސިތާރާއާ މެދު ފިކުރުކުރާހެން ހީވަނީ” ސިތާރާއަށް ރައްޔާ ވިސްނައިދޭން ބޭނުންވަނީ މުޅީން އެހެން ކަމެކެވެ.

“ތިއެއް އެނގޭނީ އަހަރެންގެ ބޭނުން ހިފުނުނަމަ… އޭރުން ޔަޤީން ގައިގާ ޖެހިފައި ވެއްޓުނަސް ބަލާ ވެސް ނުލާނެކަން… ގެއްލުނު އިތުބާރަކީ އެހާ ފަސޭހައިން ހޯދޭނެ އެއްޗެއްނޫން” ސިތާރާގެ އަތް ރައްޔާގެ އަތުގެ ތެރެއިން ދުރަށްލާ އޭނާ އެއްފަރާތަށް އެނބުރިލިއެވެ.

“ސިތާރާ ކީއްވެތަ އެ ހަނދާންތައް މަތިން ދުރަށް ނުދެވިގެން ތިއުޅެނީ، ލޯބިވާނެ މީހުން ނެތީކީ ނޫން، އެކަމަކު ވެސް ތި ހުންނަނީ ކައިވެންޏެއް ކުރާން ބޭނުންނުވެފައި… އެހެންވީމަ ވަކި ޝިޔާރާ ދިމާއަށް އެއްޗެއް ބުނެވޭކަށްނެތެއްނު… ކަލޭމެން ދެ މީހުން ވެސް ތި ތެބެނީ އެކަކު އަނެކަކު ބޭނުންވެފައިކަން ޔަޤީން… އަހަންނަށް ޝިޔާރު ނޭނގުނަސް އަހަރެންގެ އެންމެ ގާތް އެންމެ ލޯބިވާ އެކުވެރިޔާ އެނގޭނެ ދޯ… ސިތާރާއަށް އެ ލޯތްބެއް ހަނދާނަކުން ނުފޮހެވުނު… ހިޔެއްނުވޭ ފުހެލަން ބޭނުންވާހެން ވެސް… އެހެންވިޔަސް އަހަރެން މިދައްކާ ވާހަކައާ މެދު ވެސް ނިކަން ވިސްނާލަބަލަ… ޝިޔާރު ދައްކަން އެ އުޅޭ ވާހަކައެއް އަޑުއަހަން އަހަންނަށް ފެންނަނީ، އޭނާ މިހާރު ވެސް އެހެން އުޅޭނަމަ އަޑުއަޑު ނާރައެއް ނުހުންނާނެ… އަނެއްކޮޅުން އޭނާ މާފަށް ނޭދޭކަމަކަށް ވެސް ނުވާނެ، ކިތަންމެ ފަހަރަކު އޭނާ މާފަށް އެދެފި… އަހަންނަށް އެނގޭ އޭނާ ކުރީ ވަރަށް މުޑުދާރު ޢާމަލެއްކަން، އަދި އެއީ އެހާ ފަސޭހައިން މާފުކުރެވޭ ވަރަށްވުރެން ބޮޑު ކުށެއްކަން… އެހެންވިޔަސް މިހާރު އޭގެ ފަހުން ވަރަށް ދުވަސްވެއްޖެ… ވިސްނަންވާނެ އިންސާނެއްވިއްޔާ ކޮންމެ މީހަކަށް ވެސް ކުށެއް ކުރެވިދާނޭކަން، ކޮންމެ ވެސް ދުވަހަކުން އޭނާއަށް މާފުދިނުން އެއީ އަމިއްލަ ނަފްސަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް، އަދި ކުރެވޭ ހެޔޮކަމެއް… ކިހާ ދުވަހަކު ސިތާރާ ތިހެން ހުންނަން ތި ގަސްދުކުރަނީ… ކައިވެންޏެއްކޮށް ލޯބިލޯބި ދަރިއަކު ހޯދާ… ދިރިއުޅުމައިގެން ކުރިއަށްދާކަށް ބޭނުމެއްނުވޭތަ…” އެކުވެރިޔާގެ ކޮނޑުގައި ރައްޔާ ފިރުމާލިއެވެ.

ސިތާރާގެ ފަރާތުން ޖަވާބެއް ނުލިބުނަސް އޭނާ ރައްޔާގެ ވާހަކައާ ޖަދަލުނުކުރީތީ އެކަމާ ރައްޔާ އުފާވިއެވެ. އޭނާ ދެއްކި ވާހަކަތަކާ މެދު ސިތާރާ ވިސްނާކަމުގެ ހެއްކަކަށް އެ ހަމަހިމޭންކަން ރައްޔާއަށް ފުދެއެވެ.

“ދެން ތިހެން ނީނދެ މޫޑު ރަނގަޅުކޮށްލާ… ހިނގާ ސައިބޯން… ސަލްމާދައްތަ މިއަދު ކުޅިބޯކިބޯ އެޅި ދުވަހެއް، ވަރަށް މީރު… ހޫނު ސަޔާއި ބޯކިބަލާ ކާލަނިކޮށް ސިކުނޑި ހަމަޖެހިދާނެ” ރައްޔާ މިހެންބުނެ ތެދުވިއެވެ. އަދި ސިތާރާގެ އަތުގައި ހިފާ ދަމާލިއެވެ. ހިނިތުންވެލަމުން ސިތާރާ ތެދުވިއެވެ.

ސައިބޮއެގެން ނުކުން ޔަލާ އައިސް ސިޓިންރޫމު ސޯފާގައި ހަމަޖެހިލިއެވެ. އޭނާގެ ފޯނަށް އައިސްފައި ހުރި ވައިބަރ މެސެޖުތައް ހުޅުވާލާނެ ފުރުޞަތެއް އޭނާއަށް ލިބުނީ ދެނެވެ. ހުރިހާ މެސެޖުތަކުގެ ތެރެއިން ޔަލާގެ ސަމާލުކަން ހޯދީ ލުހާ ފޮނުވާފައި އޮތް މެސެޖެވެ.

“ޒާލް…” ފޯނުގައިވާ ފޮޓޯއަށް ބަލަހައްޓައިގެން އިނދެ ޔަލާއަށް ބުނެލެވުނެވެ.

“ކޮންއިރަކު ޒާލް އޮފީހަށް ދާން ފެށީ… ނުވެސް ބުނޭ… ކީއްވެބާ؟ ހުރިހާ ވާހަކައެއް ދައްކާއިރު ޖޮބަކަށް ދާ ވާހަކަ ނުބުނީ ކީއްވެބާ… ޒާލްއަށް ލުހާ އެނގޭނެ… އަހަންނަށް ސަޕްރައިޒެއް ދޭން ބޭނުންވީ ކަންނޭނގެ…” ފޮޓޯއަށް ބަލަން އިން ޔަލާގެ ހިތް ވާހަކަދެއްކިއެވެ. ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިއުމާއެކު ޔަލާ އަވަސްއަވަހަށް ލުހާގެ ނަންބަރަށް ގުޅިއެވެ.

“މިވަގުތު ބިޒީ…” ފޯނަށް އައި މެސެޖު ޔަލާ ކިޔާލިއެވެ. އެއާއެކު މާޔޫސްވިއެވެ. ޒަލަފްގެ ފޮޓޯ ފެނި އެރި ފޯރީގައި ލުހާއާ ވާހަކަދައްކަން ބޭނުންވި ނަމަވެސް އެކަން ނުވުމުންނެވެ. ދެން އޭނާގެ ޚިޔާލަށް އައީ ޒަލަފްއަށް ގުޅުމަށެވެ. ނަމަވެސް ޚިޔާލު ބަދަލުވީ ލުހާގެ ގާތުން ހުރިހާ ކަމެއް އޮޅުން ފިލުވާފައި ނޫނީ ޒަލަފްއަށް އެއްވެސް ކަމެއް އެނގުނުކަން ނާންގާށެވެ.

ކެތްތެރިކަން ކުޑަވެފައި އިން ޔަލާ ވަގުތު ގުނަމުން ދިޔައެވެ. ދޭތެރެއަކުން ދޮރޯށި ދޮށަށް ނުކުމެލައެވެ. ލުހާ އާދޭތޯ ބެލުމަށެވެ. މިހެން އުޅެނިކޮށް ޔަލާގެ ލޮލުގައި އަޅައިގަތީ ކުރިމަތީ ހުރި ގޭގެ ކަންމައްޗެއްގައި ހުއްޓި ހުރި އަންހެންކުއްޖާއެވެ. އޭނާ ހުރީ ޔަލާއަށް ބަލާށެވެ. އެ ކުއްޖާގެ ބެލުމުގައި އާދަޔާ ޚިލާފު ގޮތެއް ހުރިކަން ޔަލާއަށް އިހުސާސްކުރެވުނެވެ. މީގެ ކުރިން މި ހިސާބުން ޔަލާ ދުށް އަންހެންކުއްޖެއް ނޫންކަން އޭނާއަށް އެނގެއެވެ. ޔަލާ ބަލާލުމުން ވެސް އޭނާގެ ނަޒަރު ޔަލާއާ ވަތަކެއް ނުކުރިއެވެ. ދޮރޯށި ލައްޕާލާފައި އެތެރެއަށް ޔަލާވަނީ ނުބައި ގޮތެއް އޭނާއަށް ވީހެން ހީވެއެވެ.

ސޯފާގައި އިންދާ ދޮރޯށި ހުޅުވާލިއަޑަށް ޔަލާ ބަލާލިއެވެ. އަދި ފުންމައިގެން ތެދުވީ އެތެރެއަށް ވަދެގެން އައި ލުހާ ފެނުމުންނެވެ. ލުހާގެ ފަހަތުން ޔަލާ އައިސް އޭނާގެ ކޮޓަރިއަށް ވަނެވެ.

“އެއީ ހަމަ ޒާލްތަ؟” ވަގުތުން ޔަލާ ސުވާލުކުރިއެވެ.

ކޮޓަރިއަށް ވަދެ ލުހާއަށް ހަމަޖެހިނުލެވެނީސް ޔަލާގެ ސުވާލުތައް ކުރިމަތިވިއެވެ. އެހެންނަމަވެސް ލާނެތް ހިންޏެއް އައިސްފައި ހުރެ އަތުން އިޝާރާތްކުރީ އިހަށް މަޑުކުރުމަށެވެ. އަދި ލައިގެން ހުރި ޔުނިފޯމު ބަދަލުކުރަން ފާޚާނާއަށް ލުހާ ގޮސް ވަނެވެ. ކެތްތެރިކަން ކުޑަވެފައި ޔަލާ އިނީ ލުހާގެ އެނދުގައި އިށީނދެގެން ފޯނަށް ބަލާށެވެ. އޭރު ވެސް އޭނާގެ ހިތަށް އަރަމުން ދިޔައީ ޒަލަފްއަށް ގުޅަންވީ ކަމުގައެވެ.

“ލޫ ޕްލީޒް ދެން ކިޔައިދީބަލަ… ކިހިނެއްތަ ޒާލްއާ ދިމާވީ” ލުހާ ފާޚާނާއިން ނުކުތުމާއެކު ޔަލާ އާދޭހުގެ ރާގެއްގައި ބުނެލިއެވެ.

“ޔާލްއަށް ވަރެއްވެއްޖެއެއްނު….” ހީނހީނފައި ލުހާ ބުނެލިއެވެ.

“ދަޔާންގެ ވާހަކައެއްނަމަ ލުހާ ވެސް ބޭނުންވާނެ އޮޅުންފިލުވަން… ނޫންތަ؟” ޔަލާ ކުޑަކުއްޖަކު ފަދައިން މޫނު ހަދާލިއެވެ. ލުހާ ޔުނީފޯމު ހަރުގަނޑުގައި އަޅުވާފައި އައިސް އެނދުމައްޗަށް އަރާ ދެފައިވަށްކޮށްލައިގެން އިށީނެވެ.

“އެނގޭތަ ޔާލްއަށް… އަހަރެންގެ ފްރެންޑް އެލީގެ ކްރަޝްއަކީ ޔާލްގެ ޒާލް… އެލީގެ ބޭބެގެ ފްރެންޑެއްކަމަށްވަނީ ޒާލްއަކީ… އެއަރޕޯޓުން ޒާލްއަށް ޖޮބު ހޯދާދިނީ ވެސް އެލީގެ ބޭބެ… އަދި އެހާ ގިނަ ދުވަހެއްނުވޭ އޭނާ ޖޮއިން ކުރިތާ… އުޅެނީ އޮފީސްބައިގައި… އަހަންނަށް ވެސް ޒާލް ފެނުނީ މިއަދު… އެލީ އަހަރުމެން ތިންމީހުން ގޮވައިގެން ކޮފީއަށް ދިޔައިމަ އެނގުނީ… ހަމަފެނުމާއެކު އެއީ ޒާލްކަން އެނގިއްޖެ…” ލުހާގެ ވާހަކަ ޔަލާ މެދުކަނޑާލިއެވެ.

“އޭނާއަށް ލުހާއަށް އެނގުނަތަ؟ ކީކޭ ބުނީ….”

“އޭނާއަށް އެހާ ބޮޑަށް އެނގޭހެނެއް ހިޔެއްނުވޭ… ނޫނީ ނޭނގޭކަމަށް ހެދީކަމެއް ވެސް ނޭނގޭ… ވަރަށް ވާހަކަނުދައްކާ… އެކަމަކު އަހާލި މީގެ ކުރިން އަހަރުމެން ދެ މީހުން ބައްދަލުވިހޯ… އަހަރެން އަވަހަށް ނޫނެކޭ ބުނީ…” ލުހާ ކަންހިނގި ގޮތް ކިޔައިދިނެވެ.

“އަހަރެންގެ އަތުގައި ވެސް ނެތް އަދި ޒާލްގެ ފޮޓޯއެއް… ހަނދާނެއް ވެސް ނުހުރޭ އެކަހަލަ ކަމެއް ކުރާކަށް… ލުހާ ހާދަ ގަދައޭ… މަށަށްވުރެ ކުރީން ޒާލްގެ ފޮޓޯއެއް ތިނެގީ…” ހިނިއައިސްފައި އިނދެ ޔަލާ ބުންޏެވެ. އޭރު އޭނާގެ ލޯ ކުރިމަތީން ޒަލަފްގެ ސޫރަ ސިފަމުން ދިޔައެވެ.

“ޔާލް ކައިރީގަ ނުބުނޭ ދޯ އެއަރޕޯޓުން ޖޮބު ލިބުނު ވާހަކައެއް” ޔަލާގެ މޫނަށް ބަލަން އިނދެފައި ލުހާ އަހާލިއެވެ.

“އާން! ނުބުނޭ… ވެދާނެ ސަޕްރައިޒްކޮށްލަން ކަމަށް… ލުހާ ހަނދާންވޭތަ ޒާލްއަކީ އެއްވެސް ހަރުދަނާކަމެއްނެތް މީހެކޭ ބުނި ދުވަސް… އެކަމަކު މިހާރު އޭނާ ކިހާ ޗޭންޖު… އޮފީސް ހެދުމުގައި ފެންނަލެއް ކިހާ ސްމާޓް… ކޮންމެ މީހަކަށް ވެސް ލައިފްގައި އޭނާ ހަރުދަނާވާންޖެހޭ ވަގުތު އައީމާ މީހާ ބަދަލުވާނެ، ޒާލްއަށް އެނގޭ އަހަންނާއެކު ދިރިއުޅުމެއް ފެށޭނީ އޭނާއަކީ ޒިންމާދާރު މީހަކަށް ވެގެންކަން… އޯ ގޯޑް… އަހަރެން ވަރަށް ހެޕީ… މިހާރު ނުބުނެވޭނެ އޭނާއަކީ މަސައްކަތެއްނުކޮށް ހަމައެކަނި ރާޅާއަޅަން އުޅޭ ޒުވާނެކޭ…” މުސްތަޤުބަލަށް ކުރާ ފޮނި އުންމީދުގެ ވިދުން ޔަލާގެ ދެ ލޮލުން ފައުޅުވަމުން ދިޔައެވެ.

“އޯކޭ…އޯކޭ… އަހަންނަށް މާ އަވަހަށް ޖަޖްކޮށްލެވުނީ… ތެދެއް އަސްލު ތިބުނީ ޒާލް ވަރަށް ސްމާޓް އޮފީސް ހެދުމުގައި ފެންނައިރު، ކުރިން ސާފްބޯޑު ހިފައިގެން ހުއްޓާ ފެނުނު ދުވަހަށްވުރެ މާބޮޑަށް ވެސް ޗޭންޖު މިހާރު… ދެރައީ އެލީ ފަކީރަށް ޒާލްއަކީ ޔަލާގެ ބޯއިފްރެންޑުކަން ނޭނގޭތީ… މަށެއް ވެސް ނުބުނަން އޭނާ އެ ހުރިހާ ވާހަކަދައްކާއިރު ވެސް ޒާލްގެ ބިޓެއް ހުރެޔެކޭ… އަސްލު އޭނާ ދެރަވާނެވަރު ހިތަށް އަރާފައި ނުބުނެވުނީ… އެނީވެސް ޒާލް ހީވަނީ ވަންވުމެން މޭންއެއްހެން… އެހެންވީމަ ޔާލް ހާސްވާކަށް ނުޖެހޭނެއެއްނު” ލުހާ ބުނެލިއެވެ. އެހިނދު އޭނާގެ ބަނޑުން އަޑު ކިޔާލީ ބަނޑުހައި ހޫނުކަމުގެ އިހުސާސްކޮށްދެމުންނެވެ.

“ޒާލްއަށް ބޭފަވާތެރިއެއްނުވާނެ… އެކަމުގެ ޔަޤީންކަން އެބައޮތް… އޭނާ ބުނެފި މަންމަމެން ގާތުގައި އަހަރުމެން ރައްޓެހިވެގެން އުޅޭ ވާހަކަ ބުންޏަސް އެންމެ ރަނގަޅުކަމަށް، އޭނާ ވެސް މަންމަ ގާތުގައި އެ ވާހަކަދައްކަން ގަސްދުކުރާ ވާހަކަ… އަހަންނަށް ހީވަނީ ޖޮބު ލިބުނީމާ ކަންނޭނގެ އެހެން އެބުނީ، އޭރުން ޒާލްއާ މެދު މަންމަ ދެކޭ ގޮތް ތަފާތުވާނެއެއްނު…” ޔަލާއަށް ހީނލެވުނެވެ.

“ދެން ނީނދެވޭނެ… މެންދުރު ކޮފީގަނޑެއް ބޯލި ގޮތަށް މި އިނީ… ބަނޑުހައި ވެގެން ހާންތިވަނީ… މިހެން އިންދާ ބަނޑަށް ވައި އަރައިފިއްޔާ ދުވަސްދިޔައީ… ހިނގާ ބަދިގެއަށް…” ޔަލާގެ ވާހަކަތައް އަޑުއަހަން ކިތަންމެ ބޭނުންވިޔަސް ލުހާއަށް އޭނާގެ ބަނޑުގެ ހާލު އެނގުމުން ކެތްނުވީއެވެ.

ލުހާއާއި ޔަލާއާ ދެބެން އެކުގައި ކޮޓަރިން ނުކުމެގެން ބަދިގެ ފަރާތަށް އައެވެ. ސިޓިންރޫމުގައި ލިޔުންތަކެއް ބަލަން ޞާބިރާ އިނެވެ. ދެބެން ފެނުމާއެކު ގޮވާލާފައި އަނެއްކާ ވެސް އޭނާ ކުރާން އިން މަސައްކަތަށް ސަމާލުވިއެވެ. ޔަލާގެ ވާހަކަތައް ހުރި ގޮތުން އޭނާ ރަނގަޅު ފުރުޞަތެއް ހޯދައިގެން ޞާބިރާގެ ގާތުގައި ޒަލަފްގެ ވާހަކަ ބުނާނެކަން ލުހާއަށް އެނގުނެވެ.

“އަހަންނަށް ކާންދޭންވާނެ ޒާލްގެ ސީކްރެޓްއެއް ފަޅާ އަރުވާލީމަ” ސައިބޯން އިނދެފައި ލުހާ ބުނެލިއެވެ.

“މައްސަލައެއް ނޯންނާނެ… ލުހާ ބުނޭ ދާންވީމަ…” އުފަލުން އިން ޔަލާ ބުންޏެވެ.

* * * *

އިރުއޮއްސުމާއެކު އަނދިރިކަން އައިސް އޭގެ ތެރެއަށް އުދަރެސްލާ ފޮރުވާލިއެވެ. ކަނޑާއި ގުޅިފައިވާ ކުޅިއަށް ނަޒަރު ހުއްޓާލައިގެން ޒަލަފް އިނީ އޭނާގެ އުމުރުގެ ގިނަ ދުވަސްތައް ހޭދަކޮށްފައިވާ ގޭ ކައިރީގައެވެ. ފީވެގެން އެއްފަރާތް ވެއްޓިފައި އޮތް ލަކުޑި ފާލަންމަތީގައި އިށީނދެގެން އިންއިރު ކޮންމެވެސް ބޮޑު ފިކުރަކަށް ޒަލަފް ގެއްލިފައިވެއެވެ. ދޭތެރެއަކުން އަތުގައި އޮތް ދިގު ވިނަކޮޅުން ކުޅީގެ ފެންގަނޑާ ކުޅެލައެވެ. އެއާއެކު ދުރުދުރަށް ފެންގަނޑުގައި އުފެދޭ ބާނިތައް ގޮސް އޮބޭތަން ބަލަން އިނދެއެވެ.

“އަހަރެން އެނބުރި މަންމަ ގާތަށް އަންނަންވީ ކަންނޭނގެ… ބައްޕަގެ ޢާއިލާ މީހުންގެ ތެރޭގައި އުޅެންޏާ ބެހެމަތް ވެސް ހުންނާނީ އަބަދު ފާރައަށް… ބައްޕަ ގާތުގައި ބުނުމަށްވުރެ މަންމަ ގާތުގައި ޔަލާގެ ވާހަކަ ބުނިއްޔާ މާ ރަނގަޅުވާނެ ކަންނޭނގެ… އަނެއްކާ މެލްފަސްގެ ހިތަށް ނުބައި ޚިޔާލެއް ވަދެއްޖެއްޔާ ކަންތައްތައް މުޅީން ގޯސްވެދާނެ… އޭގެ ކުރިން ހުރިހާ ކަމެއް އެންމެންނަށް އެންގުން އެންމެ ބުއްދިވެރީ… އެކަމަކު… އެކަމަކު ޔަލާ… ހުރިހާ ކަމަކަށްވުރެ ވެސް ޔަލާއަށް ހަޤީޤަތް އެނގުމުން ވާނޭ ގޮތަކާ މެދު ކަންބޮޑުވަނީ… އޮޅުވާލުމެއްގެ ތެރޭގައި އޭނާ ބަހައްޓާކަށް އަހަރެންގެ ހިތާއި ޟަމީރު އެއްގޮތަކަށް ވެސް ޤަބޫލެއްނުވޭ…” ޒަލަފްގެ ހިތަށް އަރަމުންދިޔައެވެ. ކުޅީގެ ފެންގަނޑުގެ ތެރެއަށް އެލުވާލައިގެން އިން ދެފައިން އެއްފައި ނަގާ ކުރުކޮށްލުމާއެކު ކަކުލުގައި އުޅަންބޮށި ވިއްދާލައި ނިތްކުރީގައި ހިފަހައްޓާލިއެވެ. އަދި ދެ ލޯ މަރާލައިގެން އިރުކޮޅަކު އިނދެފައި ފުންނޭވާއެއް ލިއެވެ.

ދެ ފަރާތަށް ބަލާލުމާއެކު މަޑުމަޑުން އިންތަނުން ޒަލަފް ތެދުވިއެވެ. ދެފައި ކަށިމަތީގައި ހަރުލާފައި ހުރި ފެންތަށް ގުދަށް އޮވެ ދެ އަތުން ފޮޅާލުމާއެކު ހިންދެމިލާފައި އޭނާ ހިނގައިގަތެވެ. މިސްރާބު ހުރީ ޒަލަފްގެ ގެއާ ދިމާއަށެވެ.

ގޭގެ ވަށައިގެން ޖަހާފައި ހުރި ދަގަނޑު ފެންސު އަދިވެސް ހުރީ ނުނަގައެވެ. ކުރިން ޒަލަފްއަށް އެ ފެންސުގެ ހަޤީޤަތް ދެނެގަންނަން ނޭނގުނަސް މިފަހަރު އޭނާއަށް އެ ފެންސަކީ އާދައިގެ ފެންސެއް ނޫންކަން އިހުސާސް ކުރެވުނެވެ. ފެންސުގެ ވަށައިގެން އެކި ތަންތަންކޮޅުގައި އެއްޗެހި ވަޅުލާފައި ހުރިކަން ވެސް އޭނާއަށް އެނގުނެވެ. އަދި އެތަންތަން ދެނެގަންނަން ވެސް އެނގުނެވެ. ކަންވެރިކަމުގެ އެއްވެސް ކަމެއް ކުރިން ނޭނގުނެއްކަމަކު ޒަލަފްއަށް މިހާރު ވަރަށް ގިނަ އެއްޗެހި އެނގިފައިވެއެވެ. ފެންސުން އެތެރެއަށް ވަނުމަށް ގޭޓު ހުޅުވާލުމަށް ޒަލަފް އަތެއް ނުލައެވެ. އެހެންނަމަވެސް އޭގެ އަމިއްލަ ޒާތުގައި ގޭޓު ހުޅުވިގެން ދިޔައެވެ. އެތެރެއަށް ވަދެ ޒަލަފް މަޑުކޮށްލުމާއެކު ގޭޓު އަމިއްލައަށް ލެއްޕިއްޖެއެވެ. ފުރަތަމަ ވެސް އައިސް މަސްފެންގަނޑު ކައިރީ ޒަލަފް ހުއްޓިލިއެވެ. ފެންސުގެ ކައިރިން ފަޅަންފަށާފައި އޮތް ވެޔޮގަނޑު ދުވަމުން އައިސް މަސްފެންގަނޑުގެ ތިރި ފާރުބުރި މައްޗަށް ވެސް އަރައިފައިވެއެވެ. އެހެންނަމަވެސް ކުރިއާ ޚިލާފަށް މިހާރު އެ ވެޔޮގަނޑު އޮތީ ކޮށާ ވަކިގޮތަކަށް ހިފަހައްޓާފައެވެ. އެހެންވެ މަސްފެންގަނޑު އެއްކޮށް މިހާރު ފެންނަން އޮވެއެވެ. ބޮޑެތި ފަތްތަކުގެ މަތީގައި ލައިނޫފަރުމާ ފެންނަން ހުއްޓެއްކަމަކު ފޮޅިފައިވަނީ އެންމެ މަލެކެވެ. ޒަލަފް އައިސް މަޑުމަޑުން ފެންގަނޑުގެ ކައިރިއަށް ތިރިވެލިއެވެ. ހިނިތުންވެލައިގެން ހުރެ ފެންގަނޑުގެ ތެރެއަށް ކަނާތުގެ އިނގިލިތައްލާ ތަޅުވާލިއެވެ. އެހިނދު ފެންގަނޑުގެ ތެރެއިން ބޮޑު ދެ މަސް ތިލަވެގަތުމާއެކު ކުދިކުދި މަސްތައް އައިސް ޒަލަފްގެ އިނގިލިތަކުގައި ކޮށާލައިފިއެވެ. އެ މަންޒަރު ބަލަން ޒަލަފް އިންއިރު އޭނާ ކަމެއް ހަނދާންކުރާ ކަހަލައެވެ. ފެންގަނޑުގައި އޮތް ވެޔޮގަނޑަށް ދަމާލުމާއެކު ފޮޅިފައިވާ ލައިނޫފަރުމާ ކައިރިއަށް ގެނައެވެ. ހުދުކުލައިގެ ބޮޑެތި ފިޔަތަކުގެ ކޮޅަށް ފިޔާތޮށި ކުލަ އަރާފައި ހުއްޓެވެ. މޯޅިވާން ކައިރިވެފައިވާ އެ މަލުގެ ދެތިން ފިޔަ ބޮޑުފަތުގެ މައްޗަށް ވެއްޓިފައި އޮތެވެ. އެމަލަށް ބަލަން އިނދެފައި ފެންގަނޑުގެ ތެރެއަށް ލައިގެން އިން އަތުން މަލުގައި އަތްޖައްސާލިއެވެ. އެއާއެކު އެ މަލަށް ތާޒާކަން ވެރިވެގެން ދިޔައެވެ.

“ޔަލާ….” އިނގިލިތައް ޖައްސާލައިގެން އިން ލައިނޫފަރުމަލަށް މުޚާޠިބުކޮށް ޒަލަފް ބުނެލިއެވެ. އަދި މަޑުމަޑުން ފެންގަނޑުގެ ތެރެއަށް މައު ދޫކޮށްލިއެވެ. އެއާއެކު ދެން ފެނުނީ އިހު ހުރި ގޮތަށް މަލުގެ ހާލަތު ބަދަލުވެގެން ދިޔަ ތަނެވެ.

ގޭތެރެއަށް ވަދެގެން އައިއިރު ޒަލަފްއަށް އެކަކު ވެސް ނުފެނުނެވެ. އަރީޝާއާއި ޒާލިފު އެވަގުތު ގޭގައި އުޅޭނޭކަން އެނގެއެވެ. ނަމަވެސް އަރީޝާއަށް ގޮވުމުގެ ބަދަލުގައި ޒަލަފް ހިނގައިގަތީ ޒާލިފުގެ ކޮޓަރިއަށެވެ. އޭނާ އައިސް އެ ކޮޓަރިއަށް ބޯދިއްކޮށްލި އިރު އެނދުގައި ގަދަ ނިދީގައި ޒާލިފު އޮތްތަން ފެނުނެވެ. ނިދާފައި އޮތް މީހަކަށް ގޮވުން ރަނގަޅުނުވާނޭތީވެ ޒަލަފް އައިސް އޭނާގެ ކޮޓަރިއަށް ވެނެވެ. ދޮރު ލައްޕާލުމާއެކު ދޮރުފަތުގައި ލެނގިލައިގެން އިރުކޮޅަކު ހުއްޓެވެ. ކޮޓަރިއަށް ނަޒަރު ހިންގަމުން ދިޔައިރު އޭނާ މިހާރު ބޭނުންވަނީ އަލުން އެ ކޮޓަރީގައި ދިރުއުޅެން އަންނަންކަން ގައިމެވެ. އެތައް އަހަރުތަކެއް ފަހުން އަމިއްލަކަން އިހުސާސް ކުރެވުނު ފަދައެވެ. އެ ކޮޓަރީގައި ހުރި އެއްވެސް އެއްޗެއް ބަދަލުކޮށްފައެއް ނުވެއެވެ. ފޮޅާ ސާފުކުރަން ފެންނަން ހުއްޓެވެ. ޒަލަފްގެ ކުރެހުންތަކުގައި އިރާލާފައި ހުރި ބެޑުޝީޓު ފޮތިތައް އަޅާ ނިވާކޮށްފައި ވެއެވެ. އެންމެފަހުން އޭނާ އައިއިރު ވެސް އެހެނެއް ނުހަދައެވެ. ޒަލަފް އެނބުރި ނާންނާނޭކަމަށް އަރީޝާއަށް ހީވީ ބާއޭ އެވަގުތު ޒަލަފްގެ ހިތަށް އެރިއެވެ. މަޑުމަޑުން އައިސް ކުރެހުންތަކުގައި އަޅުވާފައި ހުރި ފޮތިތައް ނެގިއެވެ.

ޒަލަފް ނުފެނިގެން އޭނާގެ ޚަބަރު އޮޅުން ފިލުވުމަށް ރަޚަބް އައީ ބެހެމަތްގެ ގާތަށެވެ. އެހެންނަމަވެސް އޭނާއަށް ވެސް ޒަލަފް ވީތަނެއް ނޭނގުނެވެ. އެއާއެކު ރަޚަބްއަށް ވަގުތުން ވިސްނުމަށް އައީ އަރީޝާއެވެ. އޭނާއާ ބައްދަލުކުރަން ޒަލަފް ދިޔައީ ކަމުގައި ނޫނީ ނުވާނެކަން ރަޚަބް ޤަބޫލުކުރިއެވެ. އެހެން ދިމާއަކަށް އޭނާ ދާން ވިސްނީ އަރީޝާ އުޅޭ ގެ ކައިރި ބަލާފައެވެ.

ކުއްލިއަކަށް އަރީޝާމެންގޭ ކައިރީ ހުރި ބޮޑު މިދިލިގަހުގެ ކައިރިއަށް ރަޚަބް ފައުޅުވިއެވެ. އެއާއެކު އޭނާގެ ލޯ ފުރަތަމަ ވެސް އަޅައިގަތީ މަތީގައި ހުރި ކޮޓަރީގެ އަލިކަމުގެ ތެރޭގައި ހަރަކާތްތެރިވާ ޒަލަފްއެވެ. ކުޑަދޮރުގެ ކައިރީ ހުރެ އޭނާ ކޮންމެވެސް މަސައްކަތެއް ކުރަނީކަން ޒަލަފްއަށް އެނގެއެވެ. ޝައުގުވެރިކަމާއެކު ބަލާލުމަށް ކުރިއަށް ޖެހިލި ވަގުތު ޒަލަފް ކުޑަދޮރުން ބަލާލިއެވެ. ރަޚަބްއަށް ސިހުންވިއެވެ. އޭނާގެ ދަރިފުޅު ހާދަ ހުށިޔާރޭ ހިތަށް އެރިއެވެ. ކުޑަދޮރުން ބޭރު ބަލާލުމާއެކު ޒަލަފް ކުއްލިއަކަށް އައިސް ހުރީ ރަޚަބްގެ ގާތުގައެވެ.

“މަންމައާ ބައްދަލުކޮށްލަން މި އައީ… ފަހުން ދާނީ…” ރަޚަބް އެއްޗެއް ބުނުމުގެ ކުރިން ޒަލަފް ބުނެލިއެވެ.

“ދަރިފުޅުގެ ކާފަ ވާހަކައެއް ދައްކަން ބޭނުންވޭ، އެހެންވެ ހޯދާލީ… މައްސަލައެއްނެތް މަންމަ ގާތުގައި މިވަގުތު މަޑުކޮށްލިޔަސް، އެކަމަކު ޒަލަފް އެނބުރި އަންނާންވާނެ ބައްޕަގެ ގާތަށް…” ރަޚަބް ބުންޏެވެ. އޭނާގެ ވާހަކައަށް ޒަލަފް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. އެއާއެކު ރަޚަބް ގެއްލިއްޖެއެވެ. ޒަލަފް ވެސް އައިސް އޭނާގެ ކޮޓަރިތެރެއަށް ވަނީ އެކަކަށް ވެސް ނޭނގިއެވެ.

އަރީޝާ އައިސް ޒަލަފްގެ ކޮޓަރީގެ ދޮރުކައިރީ މަޑުކޮށްލައިގެން ދޮރުފަތަށް ކަންފަތް ދިމާކޮށްލައިގެން ހުއްޓެވެ. އޭނާ އެތަނުގައި ހުރިކަން ކޮޓަރީގައި ހުރި ޒަލަފްއަށް އެނގުނެވެ. އެހެންވެ މަޑުމަޑުން އޭނާގެ މަންމައަށް ގޮވާލިއެވެ.

“ޒަލަފްތަ؟… ކޮންއިރަކު އައީ…” ވަގުތުން ދޮރު ހުޅުވާލިގޮތަށް އަރީޝާ ބުންޏެވެ. އަދި އައިސް ދަރިފުޅުގެ އަތުގައި ހިފާލަން އަރީޝާ އުޅުނު ވަގުތު ޒަލަފްއަށް ވީގޮތެއް ނޭނގެއެވެ. އޭނާ ވަގުތުން ފަހަތަށް ޖެހިލިއެވެ. އަދި އަޅައަޅައިގަންނަމުން ޖަވާބު ދިނެވެ.

“ދަރިފުޅު މިހާރު އެމީހުންގެ މީހަކަށްވެ ނިމުނީ ދޯ… މަންމަ އަތްލަން ޒަލަފް ޤަބޫލުނުވީ އެހެންވެކަން” އަރީޝާ މިހެން ބުންޏެއްކަމަކު ޒަލަފްއަށް ނަގައެއް ނުގަނެވުނެވެ. އޭނާއަށް އެނގޭހާ ވެސް ކަމަކީ އަރީޝާގެ ގައިގާ އޭނާއަށް އަތްނުލެވޭކަމެވެ. އަނެއްކޮޅުން އަރީޝާއަށް އެއީ ކީއްވެކަން އެނގެނީ އޭނާ އެ ހުރީ ވުޟޫ މަތީގައި ކަމަށްވީމައެވެ. އެއްވެސް ޝައިޠާނީ ބާރަކަށް އެ ފަދަ ވަގުތެއްގައި ކައިރިއެއް ނުވެވޭނެކަން އެނގެއެވެ.

“މަންމަ ނަމާދުން ފައިބައިގެން ކޮޓަރިން ނުކުންތަނާ ޒަލަފްގެ ކޮޓަރީގައި މީހަކު އުޅޭހެން ހީވެގެން މިއައީ، ޒާލިފުގެ ކޮބާތޯ ބަލާލިއިރު އޭނާ އޮތީ ނިދާފައިވިއްޔާ” ޒަލަފްއަށް އެއްޗެއް ވިސްނޭނޭހެން އަރީޝާ ބުންޏެވެ. އަދި ދަރިފުޅާ ކައިރިވާކަށް އަރީޝާ ވެސް ނޫޅުނެވެ.

“އާދޭ ތިރިއަށް… ކާނަންތަ؟ މަންމަ ހުންނާނެ މަސްފިހެފައި… މިއަދު ބައްޕަ ފަރުމަހެއް ގެނައި ދުވަހެއް” އަރީޝާއަށް އަބްދުއްރަޢޫފަކީ ޒަލަފްގެ ބައްޕަ ނޫންކަން އެނގޭއިރު ވެސް ބުނެލިއެވެ. ޒަލަފް ވެސް ވާހަކަދައްކަނީ އަބްދުއްރަޢޫފަށް ބައްޕަ ކިޔައިގެންނެވެ. ކުޑައިރުއްސުރެ އޭނާއަށް ބައްޕައެއްގެ ގޮތުގައި ފެނުނު މީހަކީ އަބްދުއްރަޢޫފުކަމަށްވާތީ އެކަން ބަދަލުކުރާކަށް ޚުދު ޒަލަފް ވެސް ބޭނުމެއްނުވެއެވެ. މަންމަގެ އަތުން ހާދާފައި ހުރި ކާއެއްޗެއް ނުކާތާ ގިނަދުވަސްވެފައި ވުމުން ޒަލަފް ނިކަން އަވަހަށް އާނއެކޭ ބުންޏެވެ.

“އެކަމަކު މިވަގުތަކު ނޫން، ޒާލިފުއާއި ބައްޕަ ގެއަށް އައީމާ އެންމެން އެކުގައި ކާނީ” ޒަލަފް ބުންޏެވެ.

އަރީޝާއާއެކު ލަކުޑި ސިޑިން ފައިބައިގެން އައިސް ސޯފާގަނޑީގައި ދެ މީހުން އިށީނެވެ. އަދި އަރީޝާ ސުވާލުކުރީ ރަޚަބްމެންގެ ތެރޭގައި ކަންކަން ހުންނަ ގޮތުގެ ވާހަކައެވެ. އޭނާ އެގެއަށް އައިސް އިންކަން ރަޚަބްއަށް އެނގޭތޯ ވެސް އަހާލިއެވެ.

“އެމީހުންނަށް ނޭނގޭނެ ގޮތަށް ދަރިފުޅަށް މިހާރު ފިޔަވަޅެއް ވެސް ނޭޅޭ ދޯ” އަރީޝާ ބުނެލިއެވެ.

“ކުރިން އައި ފަހަރު ނޭނގޭނެ، އެމީހުން އެގޮތަކަށް ކަންތަކެއް ނުކުރޭ… ބޭނުންތަނަކަށް ދެވޭ…” އަރީޝާގެ ވާހަކައިން އެހެން މާނައެއް ނަގައިގަނެވުމާއެކު ޒަލަފް ބުނެލިއެވެ.

“ގޭގައި މަޑުކުރާގޮތަށްތަ ތި އައީ” އަރީޝާ އަހާލިއެވެ.

“މިހާރު ވަރަށް ހިތަށް އަރާ އެ މީހުންގެ ގާތުގައި އުޅެވިއްޖެޔޭ، އެނބުރި މަންމަ ގާތަށް އަންނަވީއޭ… އެކަމަކު އަދި އެކަހަލަ ވާހަކައެއް އެ މީހުންގެ ގާތުގައި ނުބުނަން… މަންމާ… އަހަރެން ވާހަކައެއް ބުނަންވެފައި އެބައޮތް…”

“ދަރިފުޅަށް އުނދަގޫނުވަންޏާ މިގޭގައި ކުރިން އުޅުނުހެން އުޅެންވީ… މަންމަގެ މައްސަލައެއްނެތް…” އަރީޝާ މިހެން ބުނުމުން ޒަލަފްގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ.

“އެކަމާ ގުޅޭ ވާހަކައެއްނޫން…” މަންމަ ގާތުގައި ދައްކަން އުޅޭ ވާހަކައިގެ ގޮތުން ޒަލަފް ލަދުގަނެފައި އިން ކަހަލައެވެ. އިސްޖަހާލައިގެން އެއްއަތުން އަނެއްއަތުގެ އިނގިލިތަކާ ކުޅެމުން ދިޔައެވެ. ބުނާނޭ ގޮތެއް ސިކުނޑީގައި އޭރު ރާވަމުން ދިޔަ ކަހަލައެވެ. ނަމަވެސް ފަސޭހަ އެއްގޮތެއް ވެސް ޒަލަފްގެ ސިކުނޑިއަށް ނައެވެ.

“އަހަރެން މީހަކާ އިންނަން އެބަ ވިސްނަން” ހިމޭނުން އިރުކޮޅު އިނދެފައި ޒަލަފް ބުންޏެވެ. އޭނާގެ މޫނަށް ބަލަން އިން އަރީޝާއަށް ލިބުނު ހައިރާންކަމާއެކު ވާހަކަދައްކަން އިރުކޮޅެއް ނެގިއެވެ.

“އެހެންވީމަ ރަޚަބްގެ ޚިޔާލު އެ ހުރީ އެ މީހުންގެ ތެރެއަށް ޒަލަފް އެއްކޮށް ގެންދަންތާ” އަރީޝާގެ ސިކުނޑިއަށް އަރަމުންދިޔައެވެ.

“ރަޚަބް ބުނެގެންތަ؟” އަރީޝާ ސުވާލުކޮށްލީ ޔަޤީންކޮށްލަން ބޭނުންވެގެންނެވެ.

“ރަޚަބްއަކަށް އަދި ނޭނގޭނެ… މަންމަ ގާތުގައި ފުރަތަމަ މި ބުނީ…” ޒަލަފް ނުކެރިފައި އިނދެ ވެސް މަޑުމަޑުން ވާހަކަދެއްކިއެވެ.

“އެމީހުންގެ ތެރެއިން ކުއްޖެއްތަ؟” ޒަލަފްގެ ވާހަކަތަކުން ނުސިހެން އަރީޝާ މަސައްކަތް ކުރިއެވެ. ޒަލަފްއަކީ އާދައިގެ ކުއްޖެއްނޫންކަން އެނގޭތީއާއެކުއެވެ. އޭނާގެ ދިރިއުޅުން ވެސް އޭނާހާ ތަފާތުވާނެއޭ އަރީޝާގެ ހިތަށް އަރާތީއެވެ.

“އޭނާއާ މަންމަ ދިމާވެފައި ކުރިން ހުރީ… މިގެއަށް ފުރަތަމަ އައި އަންހެންކުއްޖާ އެއީ… ޔަލާ ކިޔަނީ…” ޔަލާގެ ނަމާއެކު ޒަލަފް ހިނިތުންވެލަމުން އަރީޝާއަށް ބަލާލިއެވެ.

ޒަލަފް އެ ބުނާ ކުއްޖެއްގެ މަތީން ހަނދާންކުރާން އަރީޝާއަށް މާގިނަ ވަގުތެއް ނުނެގިއެވެ. ގޭތެރޭގެ ކަންކަން ބަދަލުވެގެން ދިޔަ ކަމުގެ އިޝާރަތަކަށް ފުރަތަމަވީ ވަލުތެރޭގައި ހަދާފައި ހުރި އެ ގެއަށް ޅަނދޮޅު އަންހެންކުއްޖަކު ނުވެސް އެނގި ހުއްޓާ އައުމުންނެވެ. އޭނާއަށް ވެސް ފެނުނީ ޒަލަފްގެ ކޮނޑުގައި އެކުއްޖާ ގެނެސް ގޭތެރެއަށް ވެއްދިތަނެވެ. އެރެއަށްފަހު ގޭތެރޭގެ ހާލަތު މުޅީން ބަދަލުވީއެވެ. ހަޔާތުގައި ފޮރުވަމުން އައި އެންމެ ބޮޑު ސިއްރު ފަޅާ އެރީއެވެ. ހަމައެއާއެކު އަނިޔާވެރި ބައެއްގެ އަތުން ސަލާމަތްކުރަމުން އައި ދަރިފުޅު އެ މީހުންނާ ހަވާލުކުރާން ޖެހުނީއެވެ. މި ހުރިހާ ކަމަކާ އެ ގޮތް ނޭނގޭ އަންހެންކުއްޖާއާ ހުރީ ކޮންގުޅުމެއްކަމެއް އަރީޝާއަކަށް އޭރު ވެސް އަދި މިހާރު ވެސް ދެނެގަންނާކަށް ނޭނގުނެވެ. ހަމައެކަނި އޭނާއަށް ޔަޤީންވީ އެ އަންހެންކުއްޖާއަކީ ފުރިހަމަ އިންސާނެއް ކަން އެކަންޏެވެ.

“ތި ވާހަކަދައްކަންތަ މަންމަގެ ގާތަށް ތި އައީ” އަރީޝާ ވިސްނަން އިނދެފައި އަހާލިއެވެ.

“މަންމަ ދޫކޮށްނުލާނަމޭ އަހަރެން ކުރީން ވެސް ބުނީމެއްނު، އަހަރެންގެ ހަޔާތުން ބޮޑުބައި ހޭދަކުރީ މަންމަގެ ގާތުގައި، އެކަކަށްވުރެ ވެސް މަންމަ ޚާއްޞަ… އަހަރެން ވެސް ދުނިޔޭގައި އުޅެ ނިމިގެންދިއުމުގެ ކުރީން ދިރިއުޅުމެއް ފަށަން ގަސްދުކުރަން، ދިރިއުޅުމެއް ފެށޭނީ ރަނގަޅު ބައިވެރިއަކު ލިބިގެން… މިހާރު އަހަރެން ބޭނުންވާ ފަދަ ބައިވެރިއަކު އެބަހުރި، ބޭނުންވަނީ ވީހާ ވެސް އަވަހަކަށް ދެ މީހުން ގުޅެން، މަންމަމެންނަށް ވެސް އަހަރެން އެފަދަ ބޮޑު ނިންމުމެއް ނިންމިއިރު އެނގެންވާނެތީ އެ ވާހަކަދައްކަން މި އައީ…” ޒަލަފް ވީހާ ވެސް ބޮޑަކަށް އޭނާގެ އިހުސާސްތައް އަރީޝާއަށް ވިސްނައިދެވޭތޯ ބެލިއެވެ. ނަމަވެސް ޖެހިލުންވެފައި އިނީ އަރީޝާގެ މޫނުމަތިން އޭނާ އުންމީދުކުރި ފަދަ އުފާވެރިކަމެއް ނުފެންނާތީއެވެ. އަދި އަރީޝާގެ ވާހަކަތައް ހުރީ ވެސް ޒަލަފް ހީކޮށްގެން ހުރި ގޮތަކަށް ނޫނެވެ.

“އެހެންވީރު މަންމަ މި ދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާ… ޔަލާއާއި ޒަލަފްއަކަށް ކައިވެންޏެއް ނުކުރެވޭނެ، ތި ދެކުދީންނަކީ މުޅިން ދެ ނަސްލަކަށް ނިސްބަތްވާ ދެ ކުދީން، ޒަލަފްއަށް އައިސްފައި ހުރި ބަދަލު ހަމައެކަނި މިރޭ ވެސް މަންމައަށް ފާހަގަވެއްޖެ، ރަޚަބްއާއި އޭނާގެ ޢާއިލާއަކީ ކޮންކަހަލަ ޖިންނިތަކެއްކަން ދަރިފުޅަށް އެނގޭބާއޭ ވެސް ހިތަށް އަރާ… އެ މީހުންނަކީ ރަނގަޅު ކަންތައްތަކަށް ބާރުއަޅާ ބައެއްނޫން… މިހާރު ޒަލަފް ވެސް ތި އުޅެނީ ރަޚަބް ހިންގި ފަދަ ޢަމަލެއް ހިންގަން… އެކަމާ މަންމައަށް ރުހެވޭނީ ކިހިނެއް؟ ޔަލާއަކީ އިންސާނެއް… ޒަލަފްއަކީ ޖިންނިއެއް…” އަރީޝާގެ ވާހަކަ ޒަލަފް މެދުކަނޑާލާފައި ވާހަކަދައްކަން ފެށިއެވެ.

“މިގޭގައި އަހަރެން އުޅެ ބޮޑުވިއިރު އަހަންނާއި ޒާލިފްއަކީ ވެސް ތަފާތު ދެބެންކަމުގައި މަންމަ ބުނި، އެކަމަކު އަހަރުމެން ދެ މީހުންގެ ފަރާތުން ތަފާތު އެއްވެސް ކަމެއް މަންމައަށް ފާހަގަކުރެވުނުތަ؟ ޒާލިފު ކާ އެއްޗެހި އަހަރެން ވެސް ކަނީ… އޭނާ ވާހަކަދައްކާ ގޮތަށް އަހަރެން ވެސް ވާހަކަދައްކަނީ، މަންމަމެންނާ ތަފާތުކޮށް އަހަރެން އެއްވެސް ކަމެއް ކުރާތަން ދުށީމުތަ؟ ހަމައެކަނި ތަފާތަކީ އަހަރެން މިގޭ ތޭރިތަކުގެ ތެރޭ ބަންދުވެފައި ހުރިކަން… އަހަންނަކީ ޖިންނިއެކޭ ބުންޏަސް އަހަންނަށް އިންސިވަންތަކަން މާ ބޮޑަށް އިހުސާސް ކުރެވޭ… ކުރިން ނުކުރެވޭ އެތައް ކަމެއް މިހާރު ކުރެވޭ، އެނގޭ އިންސާނުންނަށް ކުރެވޭނެ ކަންތައްތަކެއް ނޫންކަން، އެހެންވިޔަސް… މަންމާ… އަހަރެން ޔަލާއާއެކު އުޅެން ބޭނުންވަނީ މިގޭގައި އަހަރެން އުޅުނު ފަދައިން…” ޒަލަފް ވަރަށް ބޮޑަށް މާޔޫސްވިއެވެ.

“ޒަލަފްއަށް ކިހިނެއްތަ ވިސްނައިދޭނީ… ތި ހީކުރާހާ ފަސޭހަކަމެއް ނޫނޭ އެއީ އިންސިއަކާ ގުޅިގެން އުޅުމަކީ، އަނެއްކާ އެއީ ހުއްދަ ގުޅުމެއް ވެސް ނޫން، އެ ފަދަ ފާފައެއް ޒަލަފް ބޮލުގައި އަޅަން ކިހިނެއް މަންމަ އެއްބަސްވާނީ” މާޒީގެ ހިތި ތަޖުރިބާއާއެކު އަރީޝާ ކަންބޮޑުވެފައި އިނެވެ.

“އަހަރެން ބޭނުންވަނީ ޔަލާއާ ކައިވެނިކުރަން” ޒަލަފްގެ ނިންމުން ބަދަލުނުކުރާނެކަން އޭނާގެ ބުނުމުން އަރީޝާއަށް ޔަޤީންވިއެވެ.

“ތިކަން ރަޚަބްމެންނަށް އެނގުނީމަ ވާނޭގޮތް ދަރިފުޅު ބަލަން ހުރޭ” އިންޒާރެއް ދިން ފަދައަކުން އަރީޝާ ބުނެލިއެވެ. އޭރު އިސްޖަހާލައިގެން ދެ ކަކުލުގައި އުޅަންބޮށި ވިއްދާލައި ދެ އަތްތިލަ ޖޯޑުކޮށްލައިގެން ޒަލަފް އިނެވެ. އިންތިހާއަށް މާޔޫސްވެފައެވެ. ނަމަވެސް އޭނާގެ އަޒުމަށް ބަދަލެއް ނާދެއެވެ. ޔަލާ ނޫން ފަރާތަކާ ނުގުޅޭނަން ކަމުގައި މާކުރީން ވެސް ޒަލަފްވަނީ ނިންމާފައެވެ.

“އަހާން! ކޮންއިރަކު ޒަލަފްއައީ؟” އިޝާ ނަމާދުން ފައިބައިގެން ގެއަށް އައިސް ވަން އަބްދުއްރަޢޫފަށް ސޯފާގައި ތިބި އަރީޝާއާއި ޒަލަފް ފެނުމުން ބުނެލިއެވެ.

“އިރުކޮޅެއްވެއްޖެ…” އަރީޝާ ތެދުވަމުން ބުނެލިއެވެ.

“ޒާލިފު އަދިވެސް ނިދާފަތަ؟ އެ ސޮރަށް ގޮވަންވީނު…” އަބްދުއްރަޢޫފު އައިސް އަރީޝާގެ ގާތުގައި އިށީނެވެ.

“އޮފީހުން އައިއިރު ވަރަށް ވަރުބަލިވެފައި ހުރިހެން ހީވަނީ، އެހެންވެ އަޅާނުލީ… އަންނާނަން ގޮވާފައި… ކާން ވެސް ތައްޔާރު ކުރާން ދާންވެފައި މި އިންނަނީ” އަރީޝާ ވާހަކަދެއްކީ ޒަލަފްގެ ފަރާތުން ލިބުނު ނުތަނަވަސްކަން ފޮރުވަމުންނެވެ.

“ކޮންއިރަކުންތަ ދަރިފުޅު ދެން އެނބުރި އަންނާނީ؟ ތެދަށް ބުނަންޏާ ބައްޕަ އެހާ ޤަބޫލެއްނޫން އެ މީހުންގެ ކައިރީ ދަރިފުޅު އުޅޭކަށް…” އަރީޝާ ދުރަށް ހިނގައިގަތުމާއެކު އަބްދުއްރަޢޫފު ވާހަކަދެއްކީ ޒަލަފްއާއެވެ.

“އެނބުރި އަންނަން ގަސްދުކުރަން…” މަޑުމައިތިރިކަން އެކުލެވޭ އަޑަކުން ޒަލަފް ބުންޏެވެ.

“އެނބުރި އަޔަސް މިގޭ ދޮރު ދެން ދުވަހަކު ވެސް ޒަލަފްއަށް ބަންދެއް ނުވާނެ” އަބްދުއްރަޢޫފު ޔަޤީންކަން ދިނެވެ. ހަޤީޤަތުގައި އަބްދުއްރަޢޫފު ބޭނުންވަނީ ޒަލަފް އޭނާގެ ބާރު ފޯރާ ހިސާބުގައި ބެހެއްޓުމަށެވެ. އޭނާގެ އަސްލު އެނގޭތީ ވެސް މެއެވެ. ރަޚަބްމެންގެ ބާރު ކުޑަކުރުމަށެވެ.

ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު ޒާލިފުއާއި ޒަލަފް ނުކުތީ ގޯތިތެރެއަށެވެ. ޒަލަފްގެ އިހުސާސްތައް އެންމެ ރަނގަޅަށް އެނގޭނެ މީހަކީ ޒާލިފުކަމުގައި ޒަލަފްއަށް އެނގޭތީއެވެ. އަމިއްލަ އެދުމެއްނެތި ޒަލަފްއަށް ޚިޔާލު ދޭނެ ހަމައެކަނި ފަރާތަކީ ޒާލިފުކަން ޔަޤީން ކުރެވޭތީއެވެ.

“އަހަރެން މިއުޅެނީ މީހަކާ އިންނަން” ޒަލަފް ބުނެލިއެވެ. އެހިނދު ޒާލިފުގެ މޫނުމަތިން ފައުޅުވެގެން ދިޔައީ ހައިރާންކަމެވެ. ވަގުތުން އެއީ ކާކުތޯއާއި ކޮންއިރަކު ހަމަޖެހުނު ކަމެއްތޯ ސުވާލުކުރިއެވެ.

“އަހަރެން ވަރަށް ލޯބިވޭ ޔަލާދެކެ… ދުވަހަކު ވެސް ޔަލާއަށް އަނިޔާއެއް ދޭކަށް ބޭނުމެއްނޫން، އަހަރުމެން ދެމީހުން ވެސް މިހާރު ބޭނުންވަނީ ކައިވެނިކުރަން، މިރޭ އަހަރެން ގެއަށް އައީ މަންމަ ގާތުގައި އެ ވާހަކަދައްކަން… އެކަމަކު…”

“މަންމަ ޤަބޫލެއްނުވި ދޯ” ޒަލަފްގެ ވާހަކަ ހުއްޓާލުމާއެކު އޭނާ ބުނަން އުޅުނު އެއްޗެއް ފުރިހަމަކޮށްލީ ޒާލިފެވެ.

“އަހަންނަށް ޤަބޫލެއްނުކުރެވޭ މަންމަ އެ ދައްކާ އުޒުރަކީ ރަނގަޅު އުޒުރެއްކަމަކަށް… އަހަންނަށް ޔަލާއާ ކައިވެނިކޮށްގެން އުޅޭވޭނެ… އޭނާ ބޭނުންވާ ހުރިހާ ކަމެއް އަހަންނަށް ފުރިހަމަކޮށްދެވޭނެ… ބޭކާރު ގޮތުގައި ޔަލާ ހާސްކުރުވާ ބިރުގަންނަވާކަށް އަހަރެން ބޭނުމެއްނޫން… އެހެންވިޔަސް އަހަރެން ބިރުގަނޭ…. ޒާލިފު… އަހަންނަށް އެހީވެދީބަލަ… ޔަލާއަށް ހަޤީޤަތް ކިޔައި ނުދިނުން އެއީ އޮޅުވާލުން ކަމަށް ވެދާނެތަ؟ ނޫނީ ހަޤީޤަތް ކިޔައިދޭތަނުން އޭނާ އަހަންނާ ގުޅުން ކަނޑާލާފާނެތީ ކަންބޮޑުވޭ…”

“ޒާލް… ހަޤީޤަތް ފޮރުވައިގެން ހުރެ ތިކަން ކޮށްފިއްޔާ އަބަދުހެން ހުންނަންޖެހޭނީ އެކަން ފަޅާއަރާފާނެކަމުގެ ބިރުގައި، މީހާ ހުންނާނީ ފާޑަކަށް ބަނދެވިފައި، ތެދަށް ހުރިހާ ވާހަކައެއް ކިޔައިދީގެން އަހަރެންގެ ހިތެއް ނުބުނޭ ގޯސްވާނެއެކޭ… އަހަރެން ވެސް އެދެނީ ޒަލަފްއަށް ޒަލަފްގެ ލޯބި ލިބުން… އެކަމަކު ވަރަށް ވިސްނާފައި ނޫނީ ތިވަރުގެ ބޮޑުކަމެއް ނުކުރައްޗޭ… ފަހުން ވާނޭ ގޮތަކާ މެދު ޒަލަފް ވިސްނާލިންތަ؟ ކައިވެންޏަކީ ވަރަށް ބޮޑު ނިންމުމެއް… ދެ މީހުން ދިރިއުޅެން ޖެހިދާނެ ގޮތަކާ މެދު ޒަލަފް ވިސްނާލިންތަ؟… ހީކުރާ ގޮތާ ޚިލާފަށް އެތައް ކަމެއް ބަދަލުވެދާނެ، އޭރުން ދެން ކަންތައްކުރާނީ ކިހިނެއްކަން ޒަލަފްއަށް އެނގޭތަ؟” ޒާލިފު ވެސް ކަންބޮޑުވަނީ ޖިންނިއަކާއި އިންސާނެއް ގުޅިގެން އުޅޭނެ ގޮތެއް ވިސްނުމަށް ނާންނާތީއެވެ. މިހާތަނަށް އޭނާއަށް ލިބިފައި ހުރި މަޢުލޫމާތުގައި އެއީ ވެދާނެ ގޮތެއް ނޫނެވެ. އެހެންނަމަވެސް ޒަލަފްގެ އުންމީދުތައް ފުނޑުފުނޑުކޮށްލާކަށް އޭނާ ބޭނުމެއްނޫނެވެ. ހަމައެއާއެކު ޔަލާގެ މައްޗަށް ޒާލިފުގެ ހިތުގައި ހަމްދަރުދީގެ ޝުޢޫރެއް އުފެދިގެން ދިޔައެވެ.

“އަހަރެން ކޮންމެ ހާލެއްގައި ވިޔަސް ޔަލާ ރައްކާތެރިކުރާނަން. އޭނާއަށް ޓަކައި ކިތަންމެ ބޮޑު ބުރައެއް އުފުލަން ޖެހުނަސް އަހަރެން އެކަމެއް ކުރާނަން، އެ ލޯތްބަށްޓަކައި އަހަރެން ނުކުރާނެކަމެއްނޯންނާނެ… މަންމަގެ ވިސްނުން ބަދަލުވާނެ އަހަރެން ޔަލާއާއެކު އުޅެންފެށީމަ… އަހަންނަކީ ރަޚަބްއެއްނޫން، އަހަރެންގެ މައްޗަށް ބާރުފޯރުވާނެ މީހަކު ނުހުންނާނެ… މުހިންމީ މަންމަގެ ޚިޔާލު… ރަޚަބް ނުގަބޫލަސް އަހަރެން މިކަން ކުރާނަން” ޒަލަފް ވާހަކަދެއްކި އިރު އޭނާއަށް ރަޚަބްމެންގެ ބާރާއި ނުފޫޒު ނޭނގޭ ކަހަލައެވެ. އެއަށްވުރެ އޭނާ ހުރީ ޔަލާއާ ވަކިވާން ޖެހިދާނޭތީ ހިތްނުތަނަވަސްވެފައެވެ.

ޒާލިފަށް ޒަލަފް ނިންމާފައި އޮތް ގޮތް ކިޔައިދިނެވެ. އަދި އެކަންތައްތައް އަރީޝާއަށް އިހަށް ސިއްރުކޮށްދިނުމަށް ޒަލަފް އެދުނެވެ. އޭނާ ވަގުތު ހޯދައިގެން އަރީޝާއާ ބައްދަލުކުރުވަން ޔަލާ އެގެއަށް ގެންނާނަން ކަމުގައި ބުންޏެވެ. އިންސާނުން ބޭނުންވާ ކަންތައްތަކަކީ ކޮބައިކަން ޒަލަފްއަށް މީހަކު ނުބުނެދިނަސް މިހާރު އޭނާއަށް އެނގެވެ. ޔަލާގެ ފަރާތުން ވެސް އެފަދަ ސުވާލުތައް އޭނާއާ ކުރިމަތިވެފައި ވެއެވެ. އެހެންވެ ޔަލާ އެދޭ ފަދަ ޒިންމާދާރު ޒުވާނަކަށް އޭނާ ވާނެކަމުގައި ޒަލަފް އަމިއްލަ ނަފްސަށް ވަޢުދުވިއެވެ. ޒާލިފާ ވާހަކަދައްކާލުމުން ކުރިއަށް ދާންވީ މަގު ޒަލަފްއަށް ސާފުވެގެން ދިޔައެވެ. އޭނާ ރަޚަބްމެންގެ ގާތުން އެނބުރި އުޅެ ބޮޑުވި ގެއަށް އަންނަންވީ ވަގުތު ޖެހިއްޖެކަމުގައި ޤަބޫލުކުރިއެވެ. އެހެންވެ އެކަން ރަޚަބްގެ ގާތުގައި ވީހާ ވެސް އަވަހަކަށް ބުނަން ޒަލަފް ނިންމިއެވެ. އަރީޝާގެ ވާހަކަތުން ޒަލަފް މާޔޫސްވިއެއްކަމަކު އެކަން ބަދަލުވެއްޖެއެވެ. އައު ހިތްވަރަކާއެކު ކުރިއަށް ދިއުމަށް އޭނާ ނިންމީ ކޮންމެ ގޮތަކުން ވިޔަސް އޭނާއާއި ޔަލާގެ ލޯތްބަށް ކުރި ހޯދުމަށެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެއް ބުންޏަސް އެ ދެމެދުގައި އޮތް ލޯބި ކުރިހޯދާ ކާމިޔާބުވާނޭކަން ސާބިތުކޮށްދިނުމަށެވެ.

އުފަލުން ހުރެ ޒާލިފުގެ ކޮނޑުގައި ޒަލަފް ޖަހާލިއެވެ. އަދި އޭނާ އެނބުރި ރަޚަބްގެ ގާތަށް ދަނީ ކަމުގައި ބުންޏެވެ. އެހެންނަމަވެސް ވަރަށް އަވަހަށް އެ ގެއަށް އެނބުރި އަންނާނަން ކަމުގައި ވެސް ބުންޏެވެ. ލައިގެން ހުރި ޖިންސުގެ އަރިމަތީ ޖީބަށް ދެއަތްތިލަ ކޮށްޕާލައިގެން ޒާލިފު ހުރީ އޭނާގެ ބޭބެ ނުކުމެން ދާ މަންޒަރު ބަލާށެވެ. އެ ހިތުގައި ހިނގަމުންދާ ޝުޢޫރުގެ ކުޑަ ވެސް ހިލަމެއް ޒަލަފްއަށް ނުވެއެވެ. އޭނާ ޔަލާގެ ސޫރަ ހަނދާން ނައްތާލަން މަސައްކަތްކުރާއިރު އެ އަންހެކުއްޖާގެ މަތީން ޒަލަފް ހަނދާންކޮށްދެއެވެ. ހަޤީޤަތް ހާމަކުރާން ޒަލަފްއަށް ބާރުއަޅާއިރު ޒާލިފު މަސައްކަތް އެ ކުރަނީ ހިތުގައިވާ އިހުސާސްތައް އެ ހިތުގެ އެންމެ އަޑީގައި ފޮރުވޭތޯއެވެ.

“ހެލޯ…” ގެއިން ނުކުމެގެން ގަސްތަކުގެ ތެރެއަށް ހިނގައިގަން ޒަލަފްގެ ފޯނަށް އައި ކޯލަށް އޭނާ ޖަވާބުދިނީ ޔަލާކަން އެނގިގެންނެވެ. ދެ މީހުންގެ އަޑުގައި ވެސް ތަފާތު އުފާވެރިކަމަކާއި ޖޯޝެއް އެކުލެވިފައި ހުއްޓެވެ. އެހެންނަމަވެސް ޒަލަފް ހައިރާންކުރުވީ ޔަލާ ދެއްކި ވާހަކަތަކުންނެވެ. އެއާއެކު ފަހަތަށް އެނބުރި ގޯތިތެރޭގައި އޭނާއަށް ބަލަހައްޓައިގެން ހުރި ޒާލިފަށް ޒަލަފް ބަލާލިއެވެ.

“މިރޭ ގޮއްސަ ކިޔައިދޭނަން، މިހާރު ވާހަކަދައްކަން ހުރެވޭކަށްނެތް” ޔަލާގެ ސުވާލުތަކަށް ދޭނެ ޖަވާބެއް ޒަލަފްގެ އަތުގައި ނެތުމުން ބުންޏެވެ. އަދި ފޯނުކޯލު ކުރުކޮށްލިއެވެ.

އިރުކޮޅަކު ޒާލިފަށް ބަލަން ހުރެފައި މިދިލިގަހާ ނިވާވެލުމާއެކު ޒަލަފް ގެއްލިއްޖެއެވެ. އަދި އޭނާ އައީ ރަޚަބްމެން ދިރިއުޅޭ ސަރަޙައްދަށެވެ. އެ މީހުން ދިރިއުޅޭ ގަނޑުވަރެއް ފަދަ ބޮޑުގެއަށް ޒަލަފް ވަދެގެން އައިއިރު ފެންޑާގެ ބާރުން ރާނާފައި ހުރި ގާފޮޅުމަތީގައި ޒަލަފްގެ އިންތިޒާރުގައި ރަޚަބް އިނެވެ.

“ދަރިފުޅު އަންނާނެ އިރަކަށް ބައްޕަ މި އިންނަނީ…” ރަޚަބްގެ ވާހަކައިގައި ކިތަންމެ ގާތްގޮތެއް ހުއްޓެއްކަމަކު އޭނާގެ މޫނުމަތިން ހީވަނީ ކޮންމެވެސް ކަމަކާ އޭނާ ފިކުރުބޮޑުވެފައި ހުރި ހެންނެވެ.

“އަހަރެން އެބައޮތް ބައްޕަ ގާތުގައި ވާހަކައެއް ބުނަންވެފައި” ޒަލަފް މިހެން ބުނުމާއެކު އިތުރަށް ރަޚަބްގެ މޫނުގެ ކުލަވަރު ގޯސްވިއެވެ. ނަމަވެސް ނިކަން އަވަހަށް އޭނާ ހިނިތުންވެލައިފިއެވެ. އަދި ގާފޮޅުމަތިން ފައިބައި އޭނާގެ ކުރިމަތީގައި ހުރި ޒަލަފްގެ ކޮނޑުގައި ކަނާތުން ހިފާލިއެވެ.

“ހިނގާ ކާންދާން… ކައިގެން ވާހަކަދައްކާނީ، ޒަލަފް އައީމަ ކާންދާން މި އިންނަނީ، ބައްޕަ ވެސް އެބަހުރި ޒަލަފްއާ ދައްކަންޖެހޭ ވާހަކަތަކެއް… މިހާރު ފުދޭވަރަކަށް ދުވަސްވެއްޖެތާ އަހަރުމެންނާއެކު ޒަލަފް އުޅޭތާ.. އެހެންވެ ހިތަށް އެރީ ޒަލަފްއަށް ކަންތައްތައް ވަރަށް ސާފުވެފައޭ އޮންނަންވާނީ، އަދި ނޭނގޭ ކަމެއް އޮތިއްޔާ އެކަން ވެސް އޮޅުން ފިލުވައިދިނުމަކީ އަހަރެންގެ ޒިންމާއެއްކަމުގައި ދެކެން” ރަޚަބްއާއެކު ޒަލަފް ވެސް ހިނގައިގަތެވެ. އޭނާ އެ ހުރީ އަރީޝާމެންގެއިން ކައިގެންކަމުގައި ބުނާކަށް ޒަލަފްއަކަށް ނުކެރުނެވެ. އަދި ރަޚަބް އެ އުޅެނީ ކޮންމެވެސް ބޮޑު ވާހަކައެއް ދައްކަންހެން ޒަލަފްއަށް ހީވިއެވެ.

ހިމޭންކަން ޚިޔާރުކޮށް ރަޚަބްއާއެކު ޒަލަފް އައިސް ކެއުމަށް ޚާއްޞަ ކުރެވިފައިވާ ކޮޓަރިއަށް ވަނެވެ. އޭރު އެތަނުގައި ހިއްރާ ހުއްޓެވެ. އޭނާއަށް އެހީވުމުގައި ހަމުގެ ކުލަ ކަޅު ކުރުކޮށް ވަރުގަދަކޮށް ތިބި ދެ އަންހެން ޚާދިމުން އުޅެއެވެ. ކިޔަމަންތެރިކަން އަދާކުރާއިރު ހީވަނީ އެ މީހުންނަށް ހިއްރާއަށް ބަލާލުމަކީ ކޮށްގެން ވާނޭ ކަމެއް ނޫންހެންނެވެ. ޚާދިމުންނާ ވާހަކަދައްކަން ހުރި ހިއްރާއަށް ރަޚަބް ފެނުމާއެކު އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ. ހުސްކޮށް ހުރި ރަތްލަކުޑީގެ ދިގު މޭޒަށް ކާން ހެދުމަށް ކައިރީގައި އުޅުނު ޚާދިމުންނަށް ހިއްރާ ނިކަން އަވަހަށް އިޝާރާތްކޮށްލިއެވެ.

ސުފުރާމަތި ތައްޔާރުވެ ނިމުމާއެކު ކާކޮޓަރިން ހިއްރާއާއި ޚާދިމުންތައް ނުކުމެއްޖެއެވެ. އެއާއެކު ރަޚަބް އޭނާގެ ދަރިފުޅަށް ބަލާލިއެވެ. އިސްޖަހައިގެން މާގަޔާނުވެ އިނދެ ޒަލަފް ކާން ފެށިއެވެ.

“ޒަލަފް ކޮންތާކަށްތަ ކޮންމެ ރެއަކު ކުޅިވަރު ފަށާއިރަށް ދަނީ؟ މިރޭ ބައްޕަމެންނާއެކު މަޑުކޮށްލަންވީނު” ރަޚަބް ކެއުން ކުރިއަށް ގެންދަމުން ވާހަކަދެއްކިއެވެ.

“ތަނަކަށް ނުދަން” ޒަލަފްގެ ޖަވާބު ކުރެއްކަމަކު އޭނާ ދޮގެއް ހެދިކަން ރަޚަބްއަށް އެނގިދާނެތީ ކަންބޮޑުވިއެވެ. އެހެންވެ ޖަވާބު ދިނުމަށް ރަޚަބްއަށް އަވަސް ނަޒަރެއް ދީފައި އަނެއްކާ ވެސް އިސްޖަހާލިއެވެ.

“ކުޅިވަރު ކަމުނުދަނީތަ؟ ޒުވާން ކުދީންތައް ފޯރި ނަގާއިރު އެއްރޭ ޒަލަފް އަރާ ނަށާލާނޭކަމަށް ބައްޕަ ހީކުރީ، އެންމެން އުފާވާނޭ ކަމެއް އެއީ… ޚާއްޞަކޮށް ޒަލަފް އަހަރުމެންގެ ކަމެއްގައި ބައިވެރިވެއްޖެނަމަ…”

“އަހަންނަކަށް ނަށާކަށް ނޭނގޭ… އެއީ އެހާ ކުރާހިތްވާކަމެއްނޫން” ޒަލަފް ފާޑަކަށް ބޯއަރިކޮށްލާފައި ރަޚަބްއަށް ބަލަން އިނދެ ބުނެލިއެވެ. އެއާއެކު އިވިގެން ދިޔައީ ރަޚަބް ހީނގަތް އަޑެވެ.

“އެތަނަށް އަރާ އެމީހަކަށް ޖެއްސުނު ވައްތަރެއް ޖައްސާފައި އެ ފައިބަނީ، ނެށުމަކީ އެކަހަލަ ކަމެއް، ދަސްކުރާކަށް ކޮންކަމެއް އޮންނާނީ… އެހެންނޫނަސް މުބާރާތެއް ބާއްވައިގެން ނޫނެއްނު މިއުޅެނީ… އެންމެން ގުޅުން ބަދަހިކޮށް މަޖާކޮށްލަން ބާއްވާކަމެއް އެއީ… މިރޭ ޒަލަފް ވާނީ ބައްޕަމެންނާއެކު އިންނަން… ކާފަ، ޒަރަސް ވެސް ވަރަށް އެދިލައްވާ އެކަމުގައި ޒަލަފް ބައިވެރިވުމަށް…”

ކެއުން ނިންމާފައި ޒަލަފް ގޮވައިގެން ރަޚަބް ނުކުތީ ގޯތިތެރޭގައި ހުރި ބޮޑު ނިކަގަސް ކައިރިއަށެވެ. އެގަހަށް ބަލާލުމާއެކު އޭނާ ގެއްލުނެވެ. ދެން އިވުނީ ޒަލަފްއަށް ގޮވާލިއަޑެވެ. އެ އަޑު އައީ ގަހުގެ މަތިންނެވެ. ނިކަ ގަހާ ކައިރިއަށް ޖެހިލާ ގަހުގެ ގޮފިތަކަކަށް ޒަލަފް ނަޒަރު ހިންގާލިއެވެ. އޭރު އެންމެ މަތީ ގޮފިގަނޑުގައި ރަޚަބް އިށީނދެގެން އިނެވެ. އޭނާ އަތުން އިޝާރާތްކުރީ އެ ތަނަށް ޒަލަފް އައުމަށެވެ. ޒަލަފްގެ ކުޅަދާނަކަން ބަލާލުމަށް ރަޚަބް ބޭނުންވެފައި އިން ކަހަލައެވެ. ޖެހިލުންވެފައި ހުރެ ވެސް ޒަލަފް ރަޚަބް އިން ގޮފިގަނޑަށް އެރުމަށް މަސައްކަތް ކުރިއެވެ. ނަސީބަކުން އެއްވެސް ގޯހެއް ނުހިނގާ އޭނާއަށް ވެސް ރަޚަބް އިން ގޮފިގަނޑުގައި މަޑުކޮށްލެވިއްޖެއެވެ.

“ޒަލަފް ވަރަށް ކުޅަދާނެވެއްޖެ” ހިނިތުންވެލައިގެން އިނދެ ރަޚަބް ބުނެލިއެވެ.

“ކާފައާއި ބައްޕައާ ވެގެން ކަންކަން ކުރާން އަހަންނަށް ދަސްކޮށްދިނީމަ މޮޅަށް އެކަން ކުރާން އެނގޭނެއެއްނު” ރަޚަބްގެ ގާތުގައި ގޮފިގަނޑު މަތީ އިށީންނަމުން ޒަލަފް ބުންޏެވެ.

“ބައްޕަމެން ޅައިރު ކަންކަން ދަސްކުރި ގޮތަށްވުރެ މާ އަވަހަށް ޒަލަފް ކަންކަން ތި ދަސްކުރަނީ، ދެން އެ ވާހަކަ ބާއްވާ… ބައްޕަ މިރޭ ޒަލަފްއާ ވަރަށް މުހިންމު ވާހަކައެއް ދައްކަން ނިންމައިގެން މިހިރީ… ޒަލަފް… ބައްޕަ ވަރަށް ވިސްނައިފިން، ބައްޕައަށް ފެންނަނީ ޒަލަފް ދެން އަހަރުމެންނާއެކު ދިރިއުޅެން، ޒަލަފްއަކީ ކާކުކަން މިހާރު ޒަލަފް އަމިއްލައަށް ވެސް އޮޅިފައެއް ނޯންނާނެ، އަހަރުމެންނާއެކު އުޅުމުން އެއީ ޒަލަފްއަށް ވެސް ލިބޭނެ ފަސޭހައެއް… އަހަރުމެންނާއި އިންސާނުންނާ ދުވަހަކު ވެސް އެކެއްނުވާނެ…” ރަޚަބް ވިސްނަން އިނދެފައި ބުންޏެވެ.

“އެކަމަކު އަހަރެންގެ މަންމައަކީ އިންސާނެއްނު… އަހަރެން ބައްޕަމެންނާއެކު އުޅޭން ބޭނުންނުވަނީކީ ނޫން… މަންމަ ދޫކޮށްލާފައި އައިސް އުޅެވެން ނެތީ…” ޒަލަފްގެ ހިތުގައި އެތައް ވާހަކައެއް ފުނިޖެހިފައި ހުއްޓެއްކަމަކު ރަޚަބްގެ ޚިޔާލު ނޭނގޭތީ އެ ވާހަކަތައް ދައްކަން ޖެހިލުންވަނީއެވެ.

“މަންމަގެ ޒަލަފް އެކަންޏެއް ނޫނެއްނު ހުރީ… މިދުވަސް އަންނާނޭކަން އަހަރެން ކުރީން ވެސް އަރީޝާއަށް ހަނދާންކޮށްދިނިން، ޒަލަފްއަކީ އަރީޝާމެން ފަދަ އިންސާނެއްނޫން… އެކަމަކު އޭނާ ގޮތްދޫނުކުރަންވެގެން އެ ދުވަހު ވެސް ޒަލަފް އަހަންނަށް ނުދިނީ، އެކަމަކު އަހަރެން ކެތްކުރިން… އަހަންނަށް އެނގޭ ޒަލަފްއަކީ ތަފާތު ކުއްޖެއްކަން އަމިއްލައަށް ވިސްނޭނެ ދުވަހެއް އަންނާނެކަން… ޒަލަފްއާއި ޒާލިފުދެކެ ކިތަންމެ ލޯބިވިޔަސް އަހަންނަށް މަޖުބޫރުވެފައި ވަނީ ތި ދެބެންނާ ދުރުގައި ހުރުމަށް، އަދިވެސް އަހަންނަށް އެނގޭ އެއްކަމަކީ… ޒަލަފް އަހަރުމެންގެ ގާތުގައި ހުންނާކަށް އަރީޝާ ޤަބޫލެއްނުވާނެކަން… އެހެންވިޔަސް އެ ނޫން ގޮތެއް މިހާރަކުނެތް…އޭނާއަށް ޖެހޭނީ މިހާރުގެ ހަޤީޤަތާ ކުރިމަތިލާން، ޒަލަފްއަކީ އޭނާ ބަންދުކޮށްގެން ގެންގުޅުނު ކުއްޖާއެއްނޫން…” ރަޚަބްގެ ވާހަކައަށް ޒަލަފް ވިސްނާލިއެވެ. އަރީޝާ ކަންތައްކުރީ ރަނގަޅަށް ނޫންކަމުގައި ޒަލަފް ޤަބޫލުކުރެއެވެ. އެހެންނަމަވެސް އަރީޝާއާ އޮތް ގުޅުން އެއްކޮށް ކަނޑާލާކަށް ޒަލަފް ބޭނުމެއްނޫނެވެ. އަނެއްކޮޅުން ޒަލަފް ގުޅެން ބޭނުންވަނީ ވެސް އިންސާނަކާއެވެ. އޭނާއަށް ރަޚަބްގެ ފަރާތުން ފައިދާ ކުރިއެވެ. އަގުނުދެވޭނެހާ ފައިދާއެވެ. އަނެއްކޮޅުން ރަޚަބްއަކީ އޭނާގެ ބައްޕައަށް ވީތީ ރަޚަބްއަށް ކުރާ ޤަދަރު ވެސް ކުޑައެއްނޫނެވެ.   ޢިލްމަކީ ކޮބައިކަން ނޭނގި ހުރި ޒަލަފްއަށް ޢިލްމާއި ޙިލްމަކީ ކޮބައިކަން އެނގުނީ ރަޚަބްގެ ގާތަށް އައި ފަހުންނެވެ. ދުނިޔެއަށް ލޯ ހުޅުވި މީހާ މީހަކަށްވީ ރަޚަބްމެންގެ ސަބަބުންނެވެ. އެކަން އޭނާއަށް ހަނދާންނައްތާލެވޭކަށް ނޯންނާނެއެވެ.

“ޒަލަފް… ބައްޕަ މިދައްކާ ވާހަކަ ދަރިފުޅަށް އެބައެނގޭތަ؟ އަދިވެސް ޒަލަފް އުޅެނީ އިންސާނުންގެ ސިފަ ޖެހިގެން އުޅޭންވެގެން، އިންސާނުން ކަންކަން ކުރާހެން ކުރެވޭތޯ… ބަލަ ޒަލަފްއަކީ އިންސާނެއްނޫނޭ… ދެން ކީއްވެތަ އިންސާނުންގެ ކަންކަމަށް ތިހާ ލޯބި ކުރަނީ… އެމީހުންނާ ގުޅިގެން އަހަރުމެންނަކަށް ނޫޅެވޭނެ، ގިނަފަހަރަށް އިންސާނުން އުޅޭނީ އަހަރުމެންގެ ބާރުން ކޮންމެވެސް ކަހަލަ ނާޖާއިޒު ފައިދާގަނޑެއް ނެގޭތޯ… އެ މީހުންނަށް ނުކުރެވޭ އެތައް ކަމެއް ކުރުމުގެ ކުޅަދާނަކަން އަހަރުމެންނަށް ލިބިފައިވާތީ އެކަމުގެ ބޭނުން ހިފަން ބޭނުންވާނީ… އަނެއްބަޔަކީ އަހަރުމެންދެކެ ބިރުން އުޅޭ މީހުން، ދެން އަދި އެއްބަޔަކު އަހަރުމެންނަކީ އުޅޭ ބައެއްކަން ވެސް ނުދަންނާނެ…” ރަޚަބްގެ ވާހަކަ މެދު ކަނޑާލާފައި ފުންނޭވާއެއް އޭނާ ބޭރުކޮށްލިއެވެ.

“އިންސާނުންގެ ތެރޭގައި ރަނގަޅު ބަޔަކު ވެސް އުޅޭ… ކުޑައިރުއްސުރެ އަހަރެން ބޮޑުވީ މަންމަގެ ގާތުގައި ހުރެގެން… މަންމަގެ އުޅުން ހުރިގޮތް ފެނި… އެހެންވެ ކަންނޭނގެ ބައެއް އާދަތައް ދޫކޮށްނުލެވިގެން އުޅެނީ… އެހެންވިޔަސް އެކަމުން ނޭދެވޭ އަސަރެއް ނުކުރެއެއްނު…” ޒަލަފް މަޑުމަޑުން ބުނެލިއެވެ.

“ތިކަން ވެސް އެނގޭ… އަރީޝާގެ ނުފޫޒު ދަރިފުޅަށް ފޯރާފައި ތި ހުރީ… އެނގޭތަ! ޒަލަފް އަހަރުމެންގެ ގާތަށް އައިއިރު ޒަލަފް ޤަބޫލުކޮށްގެން ހުރީ ތީ ފުރިހަމަ އިންސާނެއްކަމަށް… އެހެންވެ އިންސާނުންގެ ހުކުމް ބައެއްކަންކަމުގައި ޒަލަފްގެ މައްޗަށް ހިނގަމުން އައީ… އިންސާނުންނަކީ އުމުރު ކުރުބައެއް… ޒަލަފް ވެސް އުމުރުގެ ދުވަސްތައް ގުނަމުން އައީ އެ މީހުން ފަދައިން… އެހެން ހުރެ މުސްކުޅި ވެސް ވާނެ، އެކަމަކު މަރުވާން ދުވަސްނަގާނެ… އަހަރުމެންނަކީ އަބަދުވެސް ދިގު އުމުރެއް ލިބިފައިވާ ބައެއްވީމަ… ޒަލަފްއަކީ އަހަރެންގެ ދަރިއެއް… އަހަރުމެންގެ ތެރޭގައި ރަސްމަތިފުށުން އައިސްފައިވާ ކުއްޖެއް… ޒަލަފް ބޭނުންވިޔަސް ބޭނުންހާ ގޮތަކަށް އުޅެވޭކަށް ދެން ނޯންނާނެ… ފާރަލާ މީހުން ތިބޭނެ… ފާޑުފާޑުގެ ވާހަކަ ވެސް ދައްކާނެ… ބައްޕަ ބޭނުންވަނީ ޒަލަފްއަކީ ވެސް އެ މީހުން ޖެހިލުންވާ ފަދަ މީހެއްގެ ގޮތުގައި ފެންނަން… ކިޔަމަންވާނީ އޭރުން… ކޮންމެވެސް ދުވަހަކުން ބައްޕައަށް ފަހު ވެރިކަން ދަރިފުޅަށް ވާރުތަވާނެ… މި އެންމެން ޖެހިލުންވެ ޤަދަރުކުރާވަރުގެ ވެރިއަކަށް ޒަލަފްވާން ބޭނުންވަނީ”

“ބައްޕާ… އަހަރެން ނޫނަސް ބައްޕަގެ ދަރީން އެބަތިބި… އެމީހުންނަށް މާ ހައްޤުކަން ބޮޑު ތިޔަފަދަ މަޤާމެއް ދިނުން، އަހަންނަކީ އިންސާނަކަށް ލިބިފައިވާ ދަރިއެއް… އެކަން ދުވަހަކު ވެސް ބަދަލެއް ނުކުރެވޭނެ… މަންމަ ދުނިޔޭގައި ހުރިހާ ދުވަހަކު އަހަރެން މަންމަ ވެސް ބަލާނަން… އެއްވެސް އިރެއްގައި ބައެއްގެ ވެރިއަކަށްވެގެން ހުންނާކަށް އަހަރެންގެ ވިސްނުމެއްނެތް… އަހަންނަށްވުރެ ހިއްރާ ދައްތައަށް ލިބިފައިވާ ދަރީންގެ ތެރެއިން ކުއްޖަކު އެކަމަށް އައްޔަން ކުރުން މާ ރަނގަޅުވާނެ” ޒަލަފްގެ ވިސްނުން ހުރީ މިނިވަން ދިރިއުޅުމެއް އުޅޭށެވެ. ރަޚަބްއާއި އަރީޝާގެ ޤަބޫލުކުރުންތަކާއި ނުފޫޒަށް ބޯލަނބަން ނުޖެހި އަމިއްލަ ގޮތެއް ޚިޔާރު ކުރުމެވެ. ޒަލަފްގެ ވާހަކަ އިވިފައި ރަޚަބް ކުޑަކޮށް ހީނލިއެވެ.

“ކާފައަކީ އުޞޫލުތަކުގައި ވަރަށް ގަދައަށް ހިފަހައްޓާ މީހެއް، އެކަމަކު ޒަލަފް ފެނުމާއެކު ކާފަގެ ޚިޔާލު ވެސް ހުރީ ބައްޕަ މި ބުނި ގޮތަށް… އަނެއްކާ މިރޭ ޒަލަފްއާ ވަރަށް މުހިންމު ވާހަކައެއް ދައްކަވަން ކާފަ ނިންމާފައި އޮތީ… އެހެންވެ އެހާ ވަރަށް މިރޭ ކުޅިވަރު ބަލަން މަޑުކުރުމަށް މި އެދެނީ، ދެން މާ ގިނަ އިރެއް ވެސް ނެތްތާ… މިހާރު އެބަ ފެނޭ ބެރުތައް ހިފައިގެން އަންނަ ބައިގަނޑު ދުރުން އަންނަތަން… އެ މީހުން އަންނަން ވާއިރަށް މިތަނުން ފައިބަންވާނެ…”

“އަހަރެން ދުވަސްކޮޅަކަށް މަންމަގެ ގާތުގައި ހުރެލަން ބޭނުން…” ރަޚަބްގެ ވާހަކަ ނިންމާލާފައި ދާން އުޅޭހެން ހީވުމުން ނުކެރިފައި އިނދެ ވެސް ޒަލަފް ފުރުޞަތު ގެއްލުވާލަން ބޭނުންވާތީ ބުންޏެވެ.

“މި ހުރިހާ ވާހަކައެއް ދެއްކި އިރު ވެސް ޒަލަފްއަށް ހަމަ އެކައްޗެއް ވެސް ނުވިސްނުނުތަ؟ އަހަރެން ބޭނުމެއްނޫން ޒަލަފްއަށް ރުޅި އިސްކުރާކަށް… އަހަރެންގެ އެ ސިފަ ޒަލަފްއަށް އެއްވެސް ގޮތަކަށް ފެންނާކަށް ނޭދެން… އެހެންވެ މިހާ ރީތިކޮށް ވިސްނައިދޭން މި މަސައްކަތްކުރަނީ… ޒަލަފް ދެން އުޅެންވާނީ އަހަރުމެންނާއެކުގައޭ މި ބުނަނީ… ޒަލަފްއަކީ އިންސާނެއްނޫނޭ ބުނާއިރު ވެސް އެކަން ޒަލަފްއަށް އެނގޭހެނެއް ބައްޕައަކަށް ހިޔެއްނުވޭ… އަރީޝާއާއި ޒަލަފް ދުރުކުރުވާކަށް ނޫޅެން، އޭނާގެ ގާތަށް މިހާރު ވެސް ތި ދާގޮތަށް ދިޔަޔަސް އެންމެ ރަނގަޅު… އެކަން ނުހުއްޓުވާނަން… އެކަމަކު… ދެން އެ ވާހަކަ އިހަށް ބާއްވާ…” ރަޚަބްގެ ފަރާތުން ހިތްހަމަނުޖެހުން ފައުޅުވިއެވެ. ނަމަވެސް އޭނާ ނިކަން އަވަހަށް އަޑަށް ވެރިވެގެން ދިޔަ ހަރުކަށިކަން ފިލުވާލިއެވެ. ޒަލަފްއަށް ބަލަން އިނދެ ހިނިތުންވެލާފައި އޭނާގެ ކޮނޑުގައި ރަޚަބް ޖަހާލިއެވެ.

އެތެރެ ފެންޑާގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި މަޑުކޮށްލައިގެން ޒަލަފް އިން އިރު އޭނާގެ މޫނުމަތިން ފިކުރުބޮޑުވެފައި އިން ކަމުގެ އަސަރުތައް ފައުޅުވޭވޭ ހުއްޓެވެ. ނިކަގަހުން ވަކިކޮށްލި ކުޑަކުޑަ އަޅޯ ކޮޅެއް ކުޑަވައި އިނގިލީގައި އޮޅާލަ އޮޅާލާ އޭނާ އިނެއް ކަމަކު ސިކުނޑިވަނީ އެހެން ދިމާއަކަށް މިސްރާބު ޖަހާފައެވެ. ޔަލާއާ ބައްދަލުކުރާން ދާން އޭނާ ވަޢުދުވެފައި ވާއިރު އެ ވަޢުދު މިރޭ ފުއްދާ ނުދެވޭނޭހެން ޒަލަފްއަށް ހީވަނީއެވެ. ގޭގައި އެ ޖަހާ ސަކަރާތެއް ނިންމާލާނީ ތިނެއް ޖަހަން ކައިރިވެފައި ހުއްޓައެވެ. ކުޑަ ވެސް ފުރުޞަތެއް މިރޭ ޒަލަފްއަށް ލިބޭނީ އެހާއިރުކަން އޭނާއަށް އެނގެއެވެ. މި ފަދަ ވިސްނުމަކަށް ގެއްލިފައި އިންދާ ކުޑަކުއްޖަކު އައިސް ޒަލަފްއަށް ގޮވާލިއެވެ. ރަޚަބް އެބަ ގޮވާލާ ކަމުގައި އެ ފިރިހެންކުއްޖާ ބުނެފައި އައިކޮޅަށް ދުއްވައިގަނެއްޖެއެވެ.

“އާދޭ ޒަލަފް” ޒަލަފް ފެނުމާއެކު މެލްފަސް ގޮވާލިއެވެ.

އެހެންމީހުން ތިބޭ ކުނަލަށްވުރެ ބޮޑު ރީތި ކުނަލެއްގެ މަތީގައި ޒަރަސް އިނެވެ. އޭނާއާއި ޖެހިގެން ވައަތްފަރާތުގައި ޒަލަފްގެ ބޮޑުބޭބެއެއް އިނެވެ. ކަނާތްފަރާތުގައި ރަޚަބް އިނެވެ. މެލްފަސް އިނީ ރަޚަބްއާ ޖެހިގެންނެވެ. ކުޅިވަރު ފަށަން އުޅޭއިރު އެ މީހުންގެ މޫނުމަތިން އުފާވެރިކަމުގެ ހިނިތުންވުން ފައުޅުވޭވޭ ހުއްޓެވެ. މާހައުލު ހަލަބޮލިވެފައި ވެއެވެ. އެ މީހުންނާ ޖެހިގެން އޮތް ކުނަލުގައި ޒަރަސްގެ އަންހެނުންނާއި ހިއްރާއާއި ދެން ވެސް ބޮޑެތި އަންހެނުންތައް އިށީނދެ ތިއްބެވެ. އެ ގޭތެރޭގައި އޮންނަ ކުޅިވަރަށް ޒަލަފްގެ ނަޒަރު ހިންގާލެވުނު މީ ފުރަތަމަ ފަހަރެވެ. މީގެ ކުރީން އޭނާ ބަލަނީ އަވަހަށް އެތަނުން ދުރަށް ދެވޭތޯއެވެ. އަދި އެންމެން ކުޅިވަރު ނިންމާފައި ތެދުވާންވާއިރަށް އޭނާ ކުރާ ކަމެއްކޮށްފައި އެނބުރި އާދެވޭތޯއެވެ. އެކަން ނޭނގޭނެ ކަމަށް ހީކޮށްގެން ހުއްޓާ ރަޚަބްއަށް އެވަނީ އެކަން ފާހަގަވެފައެވެ. އިތުރަށް ކަންކަން އެނގޭކަށް ޒަލަފް ބޭނުމެއްނުވެއެވެ. އޭނާގެ އަމިއްލަ ސިއްރުތައް ބަޔަކަށް އެނގޭކަށް އެއްވެސް ވަރަކަށް ނޭދެއެވެ. މަޑުމަޑުން އައިސް ކުނަލުގެ ފަހަތުގައި ފައިވާން ބަހައްޓައި ޒަލަފް އައިސް ރަޚަބްގެ ފަހަތުން އިށީންނަން އުޅުނެވެ. އެހިނދު ޒަރަސް ވަރަށް ބޮޑަށް ހިނިތުންވެލައިގެން އިނދެ ރަޚަބްއާއި އޭނާއާ ދޭތެރޭ ތަންކޮޅެއް ހަދާލާފައި އެ ތަނުގައި އަތްޖަހާލިއެވެ. ކިޔަމަންތެރިކަމާއެކު އެ ތަނުގައި ޒަލަފް ދެފައިވަށްކޮށްލައިގެން އިށީނދެއްޖެއެވެ.

ގޯތިތެރެ ހުޅުދާންކުރެވިފައިވަނީ ދިގު ދަނޑީގެ ކާލީގައި ބޮނބިގަނޑެއް ފަދަ އެއްޗެއް ބާއްވާފައި އޭގައި ރޯކޮށްފައިވާ އަލިފާނުންނެވެ. ވަށައިގެން ފެންނަ ހުޅުގަނޑުތައް ނަށަމުންދާއިރު އެކިވަރުގެ ހިޔަނިތައް މިހާރުއްސުރެ ނަށަން ފަށާފައިވާ ކަހަލައެވެ. ފިރިހެންވެރީންނަށްވުރެ އަންހެންވެރީންގެ ޗުކުޗުކު ތެޅުވުމާއި ހުނުމުގެ އަޑު މާހައުލުގައި ގަދައެވެ. ފެށުމުގެ ގޮތުން ދަނޑިއަކުން އިސްކޮށް ހުރި ބެރުވެރިޔާގެ ބެރުގައި ލަސްކޮށް ދެ ފަހަރު ޖަހާލިއެވެ. އެއާއެކު މުޅި މާޙައުލު ހިމޭންވެއްޖެއެވެ. ދެން އިވުނީ އަވަސް ބެރުގެ އަޑެވެ. އެ އަޑާއި ދެންތިބި ބެރުވެރީންގެ ބެރުތަކުގެ އަޑު އެއްކޮށްލާ އެއްހަމައެއްގައި ތަޅައިގަތެވެ. ތަރުޙީބުގެ ހަޅޭކުގެ އަޑު ގުގުމާލުމުން ޒަލަފްއަށް ފަރާތްފަރާތަށް ބަލާލެވުނެވެ. ރަންކުލައަރާ ލޮއެގެ ތަބަށްތަކުގައި ހަމަ އެކަހަލަ ތަށިތަކަކަށް ކޮންމެވެސް ބުއިމެއް އަޅައިގެން ޒުވާން އަންހެންކުދީންތަކެއް ނުކުންނަން ފެށިއެވެ. އެމީހުން އަންނަނީ ކޮން ދިމާއަކުން ކަމެއް ޒަލަފްއަށް ޔަޤީނެއްނުވިއެވެ. ކުޑަކުދީން އެ ބުއިމުގައި އަތްލާތަނެއް ނުފެނެއެވެ. ބޮޑެތި އަންހެނުންނާއި ފިރިހެނުން އޭގެ ތަށްޓެއް ނެގުމަށް އަވަސްވެއެވެ. ޒަލަފްމެންނާ ދިމާއަށް ތަބަށް ހިފައިގެން އައި އަންހެންކުއްޖަކު އައުމުން ރަޚަބް އެ ތަބަކުން ތައްޓެއްނަގައި އެންމެ ފުރަތަމަ ވެސް ދިނީ ޒަރަސްއަށެވެ. އޭނާގެ އަތަށް ތަށްޓެއް ހެޔޮވަރުކޮށްލީ ޒަލަފްއަށް ވެސް ތަށްޓެއް ދީފައެވެ. ފެންކޮށްހުރި އެ ބުއިމަކީ ކޮންއެއްޗެއް ކަމެއް ޒަލަފްއަކަށް ނޭނގުނެވެ. ވަސްބަލާލިއިރު ދުވީ އޭގައި ތުންޖަހަން ބޭނުންވާ ފަދަ ވަހެއްނޫނެވެ. މޫނު ހަދާލުމާއެކު އެ ތަށި ހިފަހައްޓާލައިގެން އިނީއެވެ.

“މަގޭ ދަރިފުޅާ… މިރޭ މިވަނީ ވަރަށް ޚާއްޞަ ރެއަކަށްވެފައި…” ހެމުންހެމުން ޒަރަސް ބުންޏެވެ. ނަމަވެސް އެބުނި އެއްޗެއްގެ މާނައެއް ޒަލަފްއަކަށް ނޭނގުނެވެ.

ތަށިތަކުގައި ހުރި ބުއިންތައް ބޮމުން ދިޔައިރު އެބައިމީހުންގެ ފޯރި ގަދަވަމުން ދިޔައެވެ. އެއްލި ކަޅިއަކުން ހިއްރާގެ ގާތުގައި ބެހެމަތް އިންތަން ޒަލަފްގެ ލޮލުގައި އަޅައިގަތެވެ. ޒަލަފްއަށް ބަލަން އިނދެފައި އޭނާ ބަލާލުމާއެކު އަވަސް އަވަހަށް ބެހެމަތް މޫނު އަނބުރާލިއެވެ. އެ ބެލުމުގައި ސިއްރުވެރިގޮތެއް ހުއްޓެވެ. އެތަނުގައި އިނުން ޒަލަފްއަށް ފަސޭހަކަމަކަށްނުވިއެވެ. ކިޔަމުންދާ ލަވަތަކުން އެޔެއްމިޔެއްނޭނގެއެވެ. އެކަމަކު އެ ލަވަތައް ކިޔަމުން ދަނީ ރީތިއަޑުތަކުންނެވެ. ނަށަންއަރައި ފަރިހަރަކާތްތައް ދައްކަމުން ގޮސް އަންހެން ކުދީން ލައިގެން ތިބޭ ދޫ ހެދުންތައް ބެރުގެ ހަމައަށް ހިއްލަމުން ގޮސް ހަށިގަނޑާ ވަކިކުރެއެވެ. ރީތި ވަނާތަކެއް ލިބިފައިވާ ޒުވާން ފުރިހަމަ ޖިންސުއްލަޠީފުން ތަކެކެވެ. އެ މީހުންގެ ހަށިގަނޑާ ލޯ ވަކިކޮށްލުމަކީ ބަލިކަށި މީހަކަށް ވާނޭ ކަމެއްނޫނެވެ. ރިހި ފުޅާ ފައްޓަރުތަކަކުން ހިމައުނަގަނޑުތައް ފަޅުފިލުވާފައިވެއެވެ. ކަރުގައި ހަމަ އެފަދަ ބޮޑު ހާރުތައް އަޅާފައި ވެއެވެ. އަތުގެ ހިކަނދިމަސްގަނޑުގައި އުޅާތައް އަޅާފައި ހުއްޓެވެ. ރޭގަނޑެއް ފަދަ ކަޅު ފަށުއިވި ދިގު އިސްތަށިގަނޑުތައް ވަނީ ނިއުޅާލައިފައެވެ. ބުޑުނިވާވާވަރުގެ ފޮތިކޮޅެއް އެ ފައްޓަރުތަކުގެ އަޑިން އުނުގައި އައްސާފައިވެއެވެ. ހަމަ އެ ފަދަ ފޮތިކޮޅަކުން އެމީހުންގެ މޭމަތިތައް ފޮރުވުމަށް ފުރަގަހަށްވާގޮތަށް އައްސާލާފައި ހުއްޓެވެ. ނުބައިވައްތަރުތައް ޖައްސަމުން ދިޔަ  ފިރިހެނުންތަކާއި ގައިގޯޅިކޮށް އުޅެމުން ދިޔައިރު އެ މަންޒަރުތައް ބެލުމަށް ޒަލަފްއަށް ވަރަށް އުނދަގޫވިއެވެ. އަންހެންކުދީން އެ މީހުންނަށް ލިބިފައިވާ ރީތި ހަށިތައް އެފަދަ ގޮތަކަށް ހާމަކޮށްގެން ފިރިހެނުންނާ ގައިގޯޅިވުމަކީ ޒަލަފްގެ ވިސްނުމާއި ޤަބޫލުކުރުމާއި ޚިލާފުވި ކަމެކެވެ. އޭނާގެ ލޯ އެ މަންޒަރުތަކުން ސަލާމަތްކުރުމަށް ޓަކައި ނަޒަރު ތިރިކޮށް އިސްޖަހާލިއެވެ. ގާތުގައި ތިބި ޒަރަސްއާއި ރަޚަބްގެ އިތުރުން މެލްފަސްގެ ހުނުންތަކުގެ އަޑު އިވެމުންދިޔައެވެ. އެއްވެސް ހަމައެއްލަމައެއްނެތް ބިރުވެރި ހުވަފެނެއްގެ ތެރޭގައި ޒަލަފްއަށް އުޅެވެމުން ދިޔަ ކަހަލައެވެ.

“ބެހެމަތް ވެސް މިރޭ ޒަލަފްއަށްޓަކައި އެ ފަދަ ނެށުމެއް ނަށާނެ…” ހެމުންހެމުން މެލްފަސް ބުނެލިއިރު އޭނާގެ ނަފްސުގެ މައްޗަށް އެއްވެސް ބާރެއް ނެތް ކަހަލައެވެ. ޒަލަފްގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. އޭނާގެ ކުރިމަތިން ފެންނަމުން ދިޔަ އަންހެންކުދީން ފަދައިން ބެހެމަތް އުޅޭތަން ބަލާކަށް އެންމެ ހިނދުކޮޅަކަށް ވެސް އޭނާއަށް ކެތެއްނުވާނެއެވެ. އެފަދަ ނިވާކަން ކުޑަގޮތެއްގައި ބެހެމަތް ދުށުމަކީ ޒަލަފްގެ ނަފްސާ ވެސް ނުބައްދަލު ކަމެކެވެ.

“ނޫން… ބެހެމަތް އެކަހަލަ ކަމެއް ކުރާކަށް އަހަރެން ބޭނުމެއްނޫން…” ހައިޖާނުގެ އޮއެވަރެއްގައި ނަފްސުޖެހިފައި އިނދެ ޒަލަފް ބުންޏެވެ. އެއާއެކު ދެން ވެސް މެލްފަސް ހީނގަނެއްޖެއެވެ.

“އެކުއްޖާފުޅު ތިހާ ބޭނުންވާކަން އަހަންނަށް ކުރީން އެނގުނުނަމަ… ޒަލަފް ރުހޭ ގޮތެއް… ކުރިއަށް އޮތްތަނުގައި ޒަލަފް ތާ އޭނާގެ މައްޗަށް ބަސްކިޔާނީ…” މެލްފަސް ހެމުންހެމުން ބުންޏެވެ. އޭނާގެ ވާހަކަތަކުން ޒަލަފްއަށް ހައިރާންކަން ލިބިގެންދިޔައެވެ. ސިކުނޑީގައި އެ ވާހަކަތައް ތަރުތީބުކުރުމުގެ ފުރުޞަތު ނުލިބެނީސް ދެން އިވުނީ ޒަރަސްގެ އަޑެވެ.

“މެލްފަސް، މި ރެއިން ފެށިގެން ކަލޭގެ ބެހެމަތްއަކީ އަހަރެންގެ ޒަލަފްގެ މިލްކެއް… މުޅި ރަށް އެ ދެކުދީންގެ ކައިވެނީގެ ރޭގައި ބައިވެރިވާނެ…” ޒަރަސްގެ ވާހަކައިން ޒަލަފްގެ ނޭވާ ހުއްޓުމަކަށް އައެވެ. ހަމައެހިނދު ލެނބިލެނބިފައި ނަށަމުންދިޔަ ފިރިހެނެއްގެ ބުރަކަށްޓަށް ލަކުޑީގެ ވަށްމުއްގަނޑަކަށް ޖަހާފައިވާ ކުޑަ ތިލައެއް ހަރާލިއެވެ. އޭނާގެ ބުރަކަށިން ލޭތައް ފައިބައިގަތީ ތިޔަހެނަކުން ނޫނެވެ. އެކަން ކުރީ އަންހެނެކެވެ. ޒަލަފްއަށް ތެޅިގަނެފައި ފަހަތަށް ޖެހިލެވުނު ވަގުތު ރަޚަބް އޭނާގެ އަތުގައި ހިފެހެއްޓިއެވެ.

“އެއީ ދައްކާލާ ކުޅިވަރެއް… ކޮންމެ ރެއަކު ވެސް ވައްޖިދުވުން އޮންނާނެ… އެ މީހުން ވަރަށް ކުޅަދާނަވާނެ…” ރަޚަބް ބުނެލީ އެއީ އާދައިގެ ކަމެއްގެ ގޮތުގައެވެ.

މިހިރަ މިހިރަ ކަންކަން އެއްގޮތަކަށް ވެސް ޒަލަފްއަށް ކަމަކު ނުދިޔައެވެ. އެހެންނަމަވެސް އެ ވާހަކަ ބުނާކަށް ނުކެރުނެވެ. އަންހެނުންނާއި ފިރިހެނުން ނިވާކަން ކުޑަގޮތެއްގައި އެހާ ގައިގޯޅިވެގެން އުޅުމާއި އެ މީހުންގެ ބުއްދިތަކަށް އަސަރުކުރާ ފަދަ ބުއިންތައް ބުއިމާއި ވަޅި ހަރައި ލޭ ދެއްކުމަކީ ޒަލަފްގެ ޟަމީރާއި ރޫޙަށް ކެތްވާވަރުގެ ކަންތައްތަކެއް ނޫނެވެ. އޭގެ އިތުރުން ބެހެމަތްއާއި ޒަލަފްގެ ކައިވެންޏޭ ޒަރަސް ބުނުމާއެކުހެން ޒަލަފްގެ ހިތުގައި ތޫނު ރިހުމެއް އުފެދިގެން ހިނގައްޖެއެވެ.

“އަދިވެސް ތި ތަށި އަތައްލައިގެން އިންނަނީތަ؟ ތުނބުގައި ޖަހާބަލަ…” އަތްތިލަބަޑި ޖަހަން އިނދެފައި ކުރިމަތީ ހުރި އުނިމަލާއި ހުވަނދުމާ ތަބަކުގެ ތެރެއިން މުއްވަރެއް ނަގާ ކުޅިވަރުކުޅޭ މީހުންގެ ތެރެއަށް އުކާލުމާއެކު ރަޚަބް ބުންޏެވެ. އަދި ތަށީގެ ފުލުގައި އަތްޖައްސާލުމާއެކު ޒަލަފްގެ އަނގަޔާ ދިމާއަށް ތަށިގެންދިޔައެވެ.

“މީ ކޮންއެއްޗެއް…” ކޮށިއަރައި ގަންނަމުން ދެ ލޮލަލާއި އަނގަޔަށް ވައްތަރުތަކެއް ޒަލަފް ޖެއްސިއެވެ. އޭނާގެ ކަރުބުޑުން ދިލަ ނަގައިގެން ދިޔަ ކަހަލައެވެ. ތޫނު ހުތްކަމަކާއި ވަރަށް މަޑު ފޮނި ރަހައެއް ހުއްޓެވެ. އެހެންވިޔަސް އެއީ ކަމުދާ އެއްޗަކަށް ޒަލަފްއަށް ނުވިއެވެ. ދެވަނަ ފަހަރަށް ޒަލަފްއަށް އެ ބުއިން ބުއިމަށް މަޖުބޫރު ނުވަނީސް ގެނައި ކުއްލި ހަރަކާތުގައި ފަހަތުގައި ހުސްކޮށް އޮތް ދިމާއަކަށް ތަށީގައި ހުރި އެއްޗެއް އުކާލައިފިއެވެ. އެއަށްފަހު އޭނާގެ ދެ ލޯ ހޯދާލީ ބެހެމަތްއެވެ.

ޒަރަސް ތެދުވުމާއެކު އެންމެންގެ މޫނުމަތިން ހައިރާންކަން ފައުޅުވެގެން ދިޔައެވެ. އޭނާގެ އާދަޔާ ޚިލާފު ބަރުއަޑުން ވާހަކަދައްކަން ފެށުމުން ބެރުތަކުގައި ތަޅަމުން ދިޔަ އަޑު މަޑުކޮށްލިއެވެ. ގަނޑުވަރުތެރޭގައި ނިކަން އަވަހަށް ކައިވެންޏެއް ކުރެވޭނެ ކަމުގައި ޒަރަސް ޢީއުލާން ކުރިއެވެ. އަދި އެރެއަށް ކުޅިވަރު ކުޅޭ މީހުންތަކުގެ މޮޅެތި ހުނަރުތައް ދައްކާލުމަށް މިހާރުއްސުރެން ތައްޔާރުވާން ޒަރަސް ގޮވާލިއެވެ. އެންމެ ކަމުދާ މޮޅު ހުނަރެއް ދެއްކި ބަޔަކަށް އިނާމު ދޭނަން ކަމުގައި ވެސް ޒަރަސް ކަނޑައެޅިއެވެ. އެންމެންގެ އަޑުތައް އެއްފަހަރާ ގަދަވެގެން ދިޔައެވެ. އަތްތިލަބަޑިއާއި ހުނުމުގެ އަޑުފަށްގަނޑެވެ. އޭރު ރަޚަބްގެ ގާތުގައި އިން ޒަލަފްގެ ނިތްކުރިން ދާތިކި ހިލި ހާސްކަން ވެރިވެފައި އިނެވެ. އެންމެންނަށް އަތުން އިޝާރާތެއް ކޮށްލާފައި ޒަރަސް އައިސް އޭނާ ކުރީން ވެސް އިން ތަނުގައި އިށީނދެއްޖެއެވެ.

“ޒަލަފްއާ މެދު ފަޚުރުވެރިވަން… ބައިވެރިއަކު ހޮވަންވާނީ ތިމާއާ އެންމެ އެކަށޭނޭގޮތަށް… ބެހެމަތްއާއި ޒަލަފް ވަރަށް ގުޅޭ… ވަރަށް އުފާވެއްޖެ އަހަރުމެންގެ ތެރޭގައި އުޅޭން ނިންމީމަ… އަދި އަހަރުމެންގެ ތެރެއިން ދިރިއުޅުން ފަށަން ނިންމީމަ… މިއަދު އެނގިއްޖެ ޒަލަފް ވެސް ޤަބޫލުކުރާކަން އަހަރުމެންނާއެކުކަން ޒަލަފްގެ މުސްތަޤުބަލު ވަނީ… ތީ އަހަރުމެންގެ ކުއްޖެއްކަން… އަހަރުމެންގެ ތެރޭގައި ހުރި ބާރުގަދަ ޖިންނިއެއް” މިހެންބުނެ ޒަރަސް ހޭންފެށީ އުފަލުންނެވެ. އަދި ކާފަދަރިފުޅުގެ ކޮނޑުގައި ހިފާ ގަތްކޮށްލުމާއެކު ބައްދާލިއެވެ.

އިހުނަށްވުރެ މާޙައުލުގެ ފޯރި ގަދަވެއްޖެއެވެ. ނަށަން އުޅޭ ޖިންސުއްލަޠީފުން މަލުގެ މުއްވަރުތައް ނަގައިގެން އައިސް ފަރި ހަރަކާތްތައް ދައްކާލުމާއެކު މަސްތު ކުރުވަނިގޮތަކަށް ޒަލަފްގެ ބޮލަށް މާތައް އުކާލައެވެ. ބައެއް އަންހެންކުދީން ޒަލަފްގެ އަތުގައި ހިފާލެވޭތޯ އުޅެއެވެ. އަނެއްބައި ކުދީން ބެހެމަތް އިންތަނުން ނަގައިގަނެގެން މައިދާނަށް އަރުވައިފިއެވެ. ރަޚަބްއާއި ޒަރަސްގެ މަޖުބޫރާއެކު ޒަލަފް ވެސް މައިދާނަށް ގެނެސްފިއެވެ. ނަށަމުންދިޔަ ކުދީންގެ ސަކަރާތުގައި ޒަލަފްއާއި ބެހެމަތް އެކަކު އަނެކަކުގެ ގައިގާ ޖެހިއްޖެއެވެ. އެހިނދު އެ ދެ ޒުވާނުންގެ ހަތަރުކަޅި ބައްދަލުވިއެވެ. ބެހެމަތްގެ ތުންފަތުގައިވި ލަދުރަކި ހިނިތުންވުން ވަގުތުން ފިލައިގެން ދިޔައީ ޒަލަފްގެ ލޮލުން ފައުޅުވަމުންދިޔަ ނުރުހުމުގެ ކުލަވަރުންނެވެ.

ބެހެމަތްއާ ދުރަށް ފިޔަވަޅެއް އަޅާލި ނަމަވެސް ވަށައިގެން ނަށަމުންދާ ދެ ޖިންސުގެ ޒުވާނުންނާއި އެ މީހުންގެ އެ ލަވަތަކުން ޒަލަފްގެ ބޮލުގައި ރިހެން ފެށިއެވެ. ބެހެމަތްއާއި ޒަލަފްގެ ފަރާތުން ހަރަކާތްތަކެއް ފެނިގެންދާނޭ ކަމަށް އެ މީހުން އިންތިޒާރުގައި ތިބި ކަހަލައެވެ. އަނެއްކޮޅުން އެ މީހުން ޒަލަފް އެ ތަނުން ހިނގައިދާނެތީ ހުރަސް އަޅާ ކަހަލައެވެ. ރަޚަބްއާއި ދެން ތިބި މީހުންނަށް އަވަސް ނަޒަރެއް ދިން އިރު އެ މީހުން ވެސް ފެންނަނީ އުފާކުރާތަނެވެ. އެއްވެސް މީހަކަށް ޒަލަފްގެ ނުތަނަވަސްކަން އިހުސާސް ނުކުރެވޭ ކަހަލައެވެ. އެންމެފަހުން ކެތްތެރިކަން ކޮޅުން ލައިގެން ދިއުމާއެކު ޒަލަފް އޭނާގެ ދެ ލޯ މަރާ ތަގުޅިކޮށްލިއެވެ. އެއާއެކު ދެން ވީގޮތެއް ޚުދު އޭނާއަކަށް ނޭނގެއެވެ. ކުއްލިއަކަށް މަޙައުލު ހިމޭންވެގެން ހިނގައްޖެއެވެ. ކުރެވުނީ ކީއްތޯ ބަލާލުމަށް އަވަސްއަވަހަށް ލޯ ހުޅުވާލިއިރު އޭނާއަށް ހުރެވުނީ ޔަލާމެންގޭ މަގު މެދުގައެވެ. ވަށައިގެން އެއްވެސް ކަހަލަ ހިލަމެއްވޭތޯ ޒަލަފް ބަލާލިއެވެ. އޭނާގެ ފަހަތުން އެއްވެސް މީހަކު އައިތޯ ޔަޤީންކުރާށެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އޭނާ އަވަސްވެގަތީ ޔަލާމެން ގެއަށް ވަންނާށެވެ.

ދޮރުޓަކި ދިނުމުން ވެސް ޔަލާއަށް ހޭލެވޭ ގޮތެއްނުވިއެވެ. އިތުރަށް ޓަކިދެނިކޮށް އެގޭތެރެއިން މީހަކު ހޭލަފާނޭތީ ޒަލަފް ކަންބޮޑުވިއެވެ. ދޮރުފަތުގެ ތެރެއިން ފޭދިގަނެގެން ޒަލަފް އެތެރެއަށް އައިސް އެނދުކައިރީ މަޑުކޮށްލިއެވެ. އޭނާ ޔަލާއަށް ބަލަހައްޓައިގެން ހުރީއެވެ.

“ޔަލާ… ޔަލާ… އަހަރެން މި އައީއޭ… ދޮރުހުޅުވަބަލަ…” ނިދާފައި އޮތް ޔަލާއަށް ހީވީ ހުވަފެނެއްފެނުނެވެ. އޭނާއަށް ޒަލަފްގެ އަޑު އިވިގެން ދިޔައެވެ. ތުންފަތަށް ވެރިވެގެން ދިޔަ ހިނިތުންވުމާއެކު ފުރޮޅިލެވުނެވެ. އެހިނދު ކުއްލިއަކަށް ލޯ ހުޅުވާލިއެވެ. އޭނާގެ ގާތުގައި ހުރި ޒަލަފްއެއް ނުފެނެއެވެ. އެހެންނަމަވެސް ފުންމައިގެން ތެދުވިގޮތަށް ޒަލަފްގެ ނަން ކިޔާލާފައި ފޯނަށް ޔަލާ ބަލާލިއެވެ.

“ދެގަޑިބައިގެ ތިނެއްޖަހަނީތަ؟ މިރޭ ހާދަ ލަސްވެއްޖެއްޔޭ… އަނެއްކާ ޒާލް އައިސްފައި ދިޔައީބާ…” ފޯނުގެ އިސްކުރީނުން ފެންނަމުންދާ ގަޑިއަށް ބަލަން އިނދެ ޔަލާ މަޑުމަޑުން ބުނެލިއެވެ. އެއަޑު އަހަން ހުރި ޒަލަފް ކޮޓަރިތެރެއިން ޣައިބުވުމާއެކު ދެން އިވުނީ ކޮޓަރީގެ ދޮރުގައި ޓަކިދިން އަޑެވެ. އެނދުމައްޗަށް ފޯނު ދޫކޮށްލާފައި ޔަލާ ދުވެފައި ކަހަލަ ގޮތަކަށް އައިސް ދޮރުހުޅުވާލީ އެއްވެސް ޚިޔާލެއް ފިކުރެއްނެތިއެވެ. ދޮރުމަތީ ހުރި ޒަލަފް ފެނުމާއެކު އުފަލުން އޭނާގެ ގައިގާ އޮޅުލައިގަތެވެ.

ޔަލާގެ އުނަގަނޑުގައި ދެއަތް ވަށާލައިގެން ހުރެ އޭނާ ކުޑަކޮށް އުފުލާލަމުން ޒަލަފް ކޮޓަރިތެރެއަށް ވަނެވެ. އަދި ދޮރުފަތް ލައްޕާލާފައި ޔަލާއަށް ގޮވާލިއެވެ.

“މިރޭ ހާދަ ލަސްވީ…” ޔަލާ އަހާލިއެވެ.

“އަހަރެން އައިސް ޓަކިޖަހާތާ ކޮންއިރެއް، އަދިކިރިޔާއެއްނު ޔަލާއަށް ތި ހޭލެވުނީ…” ޒަލަފް ހިނިތުންވެލަމުން ބުންޏެވެ.

“އަހަންނަށް ހާދަ ގަދައަކަށް އެ ނިދުނީ… ދެން އޯކޭ… ޒަލަފްއާ ދިމާވެއްޖެއެއްނު، އެހެންވީމަ ހިތްހަމަޖެހިއްޖެ… ކޮން ސަޕްރައިޒެއްތަ ލުހާއަށް ދީގެން ތިއުޅެނީ… އަހަރެން ވެސް މިހިރީ އެކަން ޤަބޫލުނުކުރެވިފައި” ޒަލަފްގެ އަތުގައި ހިފައިގެން އެނދުކައިރިއަށް ޔަލާ އައެވެ.

“ޔަލާ… މިރެއަކުނޫން ތި ވާހަކަދައްކާނީ… އެންމެ ރަނގަޅުތަ؟ އަހަރެން މިހުރީ ވަރަށް ބޮލުގައި ރިއްސާގޮތްވެފައި… އެންމެ ރަނގަޅުތަ ޔަލާ ގާތުގައި އޮވެލިޔަސް” ޒަލަފްގެ ޠަބީޢަތަށް ބަދަލުތަކެއް އައިސްފައި ހުރިކަން ޔަލާއަށް ފާހަގަވީ ދެނެވެ. އަވަސްއަވަހަށް ބޯޖަހާލާފައި އެނދަށް އަރާ ހަމަޖެހިލުމާއެކު ޒަލަފްއަށް ދެއަތް ދިއްކޮށްލިއެވެ. ޒަލަފް އައިސް ޔަލާގެ އުނގުގައި ބޯއަޅާލައިގެން އޮތެވެ. އޭނާގެ ކުރުކޮށްކޮށާފައި ހުރި އިސްތަށިގަނޑުގައި ޔަލާ ފިރުމާލަފިރުމާލާ އިނެވެ. އެގޮތުގައި އިރުކޮޅެއް ހޭދަވެގެން ދިޔައިރު ޔަލާގެ ހިތް ވެސް ނުތަނަވަސްވާގޮތް ވެއްޖެއެވެ. ޒަލަފްގެ މަޑުމައިތިރިކަން އުނދަގޫކުރާން ފެށީއެވެ.

“އަހަރެން ވަރަށް ލޯބިވޭ ޔަލާދެކެ…” ޒަލަފް މަޑުމަޑުން ބުނެލިއެވެ. އޭނާގެ މޫނު އޮތްގޮތުން ޔަލާއަށް އެ މޫނެއް ނުފެނެއެވެ.

“އަހަންނަށް އެނގޭ… އަހަރެން ވެސް ޒާލްދެކެ ވަރަށް ލޯބިވޭ” ޒަލަފްގެ ބޮލުގައި ފިރުމާލަމުން ޔަލާ ބުންޏެވެ.

“އަހަންނަކީ ކޮންމެ ކަހަލަ މީހަކަށް ވިޔަސް ލޯބިވާނަންތަ؟” ޒަލަފް ވާހަކަދެއްކިއެވެ.

“ޒާލްދެކެ ލޯބިވެވުނީ ތީ ރަނގަޅު އިންސާނެއްވީމަ” ޔަލާ މިހެން ބުނުމާއެކު ޒަލަފްގެ ދެ ލޯ މަރާލައި ދަތްތައް ޖައްސާބާރުކޮށްލެވުނެވެ. އޭނާއަށް ވަމުންދާ ގޮތްތައް ޔަލާއަކަށް ނުފެނެއެވެ. ވަކި އެއްޗެއް ނުބުނެ ޒަލަފް އޮވެފައި ޔަލާއާ ދިމާއަށް އެނބުރިލިއެވެ. އަދި ޔަލާގެ ބަނޑުގައި މޫނު ޖައްސާ ފޮރުވާލަމުން ވައަތުން ޔަލާގެ އުނަގަނޑުގައި ހިފަހައްޓާލިއެވެ.

“ޒާލް، ވީގޮތެއް ބުނެބަލަ… ކަމަކާ ދެރަވީތަ؟ ނޫނީ ހިތްހަމަނުޖެހޭ ކަމެއްވީތަ؟” ޔަލާގެ އަޑުން ހާސްކަން ފައުޅުވެގެން ދިއުމުން ޒަލަފް އޭނާއަށް ބަލާލިއެވެ.

“ބިރުގަންނަނީ ޔަލާއާ ވަކިވާންޖެހިދާނެތީ… އަހަރެން ބޭނުންވަނީ އަބަދުވެސް ޔަލާއާއެކު ހުންނަން، އަހަރެންގެ މީހެއްގެ ގޮތުގައި ޔަލާ ހުންނަން… މިރޭ އެނގިއްޖެ އެއީ އެހާ ފަސޭހަކަމެއްނޫންކަން… އެހެންވިޔަސް ޔަލާ ބިރުގަންނާނެކަމެއްނެތް… އަހަރެން މި ހުރީނު… އަހަރެން ހުރިހާ ކަމެއް ހައްލުކުރާނަން، އަހަންނަށް އިތުބާރުކުރޭ… އަހަރެން ޔަލާއާ ކައިވެނިކުރާނަން…” ޒަލަފްގެ ވާހަކަ މެދުކަނޑާލީ ޔަލާއެވެ. އޭނާއަށް ޒަލަފް ދައްކަމުންދާ ވާހަކަތަކުން ފަހުމްވަނީ އެއްބައެވެ.

“ޒާލް… ޒާލް… ހަމަޖެހިބަލަ… އަހަރެން ކޮންކަމަކާ ބިރުގަންނަންވީ… ޒާލް އަހަރެންދެކެ ލޯބިވަންޏާ އަހަންނަށް އެވަރުން ފުދޭނެ، އަނެއްކާ… އަނެއްކާ ޒާލްގެ މަންމަމެން ނުރުހުނީތަ އަހަރުމެން ގުޅެން” ޔަލާގެ ހިތަށް އޭނާގެ ޟަމީރު ވިސްނައިދިން ކަންތައް ދުލުން ބޭރުކޮށްލިއެވެ.

“އެކަކަށް ވެސް ނޭނގޭނެ އަހަރެން ލޯބިވާންޖެހޭނީ ކާކުދެކެ ކަމެއް… މީ އަހަރެންގެ އަމިއްލަ ދިރިއުޅުން… އަހަރެން ބޭނުންވާ ގޮތަށް މި ދިރިއުޅުން ގެންދާނީ… އަހަރެން ބޭނުންވަނީ ޔާލް… ހަމައެކަނި ޔާލް…” ޒަލަފްގެ ސިކުނޑިވަނީ ހައިޖާނެއްގެ ތެރޭގައެވެ. އޭނާ ޔަލާގެ ގައިގާ ހިފަހައްޓަމުން ދިޔައިރު އޭނާ ދޫކޮށްލަން ބޭނުންނުވާކަން ޔަލާއަށް ވެސް އިހުސާސްކުރެވުނެވެ. ޒަލަފް ހިތްހަމަޖައްސައިދިނުމަށް ބުނާނެ އެއްޗެއް އިތުރަށް ޔަލާއަކަށް ވެސް ނޭނގުނެވެ.

އެނދުގައި ތިބި ދެ ޒުވާނުންނަށް ވެސް ލޯމެރުނީ އެކުއެކީގައެވެ. އެކަކު އަނެކަކުގެ އަތު ތެރޭގައި ތިބެއެވެ. ނަމަވެސް ފަތިހަށް ރަށުތެރެ ހޭލައިފިކަމުގައި ޢިއުލާން ކުރަމުން ދިޔަ ދޫނިސޫފާސޫފީގެ އަޑުތަކުން ޒަލަފްއަށް ހޭލެވުނެވެ. އިރުއަރާކަށް ގިނައިރެއްނެތްކަން އެނގުނެވެ. ނަމަވެސް ޔަލާއާ ދުރަށްދާން އޭނާ ނޭދޭތީވެ ތެދުވަން ބޭނުންނުވެފައި އޮތެވެ. އެހެން އޮއްވާ މީހެއްގެ ފިޔަވަޅުގެ އަޑު އިވެން ފެށިއެވެ. އަވަސްއަވަހަށް ޒަލަފް ފޮރުވިގަތެވެ. ގިނައިރެއްނުވެ އެމީހަކު އައިސް ޔަލާގެ ކޮޓަރީގެ ތަޅުގައި ހިފާލުމާއެކު ޓަކިދޭން ފެށިއެވެ.

“ޔަލާ… ދަރިފުޅާ…” ކޮޓަރި ދޮރުމަތީ ހުރެ ޞާބިރާ ގޮވާލިއެވެ. އެ އަޑު އަހަން އޮތް ޒަލަފްއަށް އެއީ ޔަލާގެ މަންމަކަން ޔަޤީންވިއެވެ.

ޔަލާއަށް ހޭލެވުނީ ކޯތާފަތުގައި ޒަލަފް ބޮސްދިން އިހުސާސް ކުރެވިގެންނެވެ. އެހެންނަމަވެސް ލޯ ހުޅުވާލިއިރު އެ ކޮޓަރިއަކު ޒަލަފްއެއް ފެންނާކަށް ނެތެވެ. ދެން އިވުނީ ވައިބްރޭޓްވަމުން ދިޔަ ފޯނާއި ދޮރުގައި ޓަކިދެމުން ދިޔަ ޞާބިރާގެ އަޑެވެ. އަވަސްއަވަހަށް ފޯނަށް ޖަވާބުދެމުން އައިސް ދޮރުހުޅުވާލިއެވެ.

“ފަތިސް ނަމާދަށް އެއްގޮތަކަށް ވެސް މިހާރު ނުތެދުވަނީތަ؟ އެހެންޏާ ނަމާދުކޮށްގެން އަންނާނެ ތިރިއަށް” ދޮރުމަތީ ހުރި ޞާބިރާ ބުނެލިއެވެ.

“ސޮރީ މަންމާ… މާގަދައަށް ނިދެނީ މިހާރު… އެކަމަކު މިހާރު މި ހޭލީ… މިއުޅެނީ ނަމާދަށް އަރަން” އަވަސް އަރުވާލާފައި ޔަލާ ބުންޏެވެ. ފާޑަކަށް ޔަލާއަށް ބަލަން ހުރެފައި ޞާބިރާ އެ ކޮޓަރިތެރެއަށް ބަލާލިއެވެ. ދެން ފެނުނީ ދެފަރާތަށް ބޯހޫރާލި ތަނެވެ. އަދި އެނބުރި އައިކޮޅަށް ހިނގައިގަތެވެ. ޔަލާ އަވަހަށް ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ.

“ކޮންއިރަކުބާ ޒާލް ދިޔައީ… އެންމެ ރެއަކު ވެސް ނުބުނާނެ ދަމުން ދަނީއެކޭ” ތުންކޮޅު އޫކޮށްލައިގެން ހުރެ ޔަލާ އައިސް އެނދުމައްޗަށް ފޯނު އެއްލާފައި ފާޚާނާއަށް ވަނުމަށް ދިޔައެވެ. އެ ހުރިހާ ކަމެއް ހިނގައިދިޔައިރު ވެސް ޒަލަފް ހުރީ އެ ކޮޓަރީގެ ކަނެއްގައި ހުއްޓިއެވެ. އޭނާއަށް ޞާބިރާ ނުފެނުނަސް އޭނާ ދެއްކި ވާހަކަ ސާފުކޮށް އަޑުއިވުނެވެ. ޔަލާ ޖެއްސިހާ ވައްތަރުތައް ފެނި ހީނލި ވެސް މެއެވެ. އެހެންނަމަވެސް އޭނާ އިތުރަށް އެ ކޮޓަރީގައި މަޑުކުރާކަށް ގަސްދެއް ނުކުރިއެވެ. އެހެންވެ ގެއަށް ދިއުމަށްޓަކައި ދަތުރުފެށިއެވެ.

ހިމޭންވެފައި އޮތް ގޭތެރޭގައި އެންމެން ވެސް ތިބީ ގަދަ ނިދީގައެވެ. އެތަނަށް ހަލަބޮލިކަމެއް ވެރިވެގެންދާނީ އިރު އަރާ ބިންގަނޑު ހޫނުވާންފެށުމުންނެވެ. އެހެންވެ ފުރުޞަތުގެ ބޭނުން ހިފާ ޒަލަފް ހަލުވިކޮށް އައިސް އޭނާއަށް ޚާއްޞަކުރެވިފައި ހުރި ކޮޓަރިއަށް ވަނެވެ. އަދި އޭނާ ރަޚަބްގެ ގާތަށް އަންނަން ވެގެން އެއްޗެހި އަޅައިގެން އައި ދަބަސް ނަގައި އެއަށް އޭނާގެ އެއްޗެހިތައް އެޅިއެވެ. ދެން އިތުރަށް އެންމެ ހިނދުކޮޅަކު ވެސް އެމީހުންގެ ތެރޭގައި ހުންނާކަށް ޒަލަފް ބޭނުމެއްނުވެއެވެ. ބެހެމަތްއާ ކައިވެނިކުރުމަކީ އޭނާ ދުވަހަކު ވެސް ކުރާނޭ ކަމެއްނޫނެވެ. އެހެންނޫނަސް ޒަލަފް ހުރީ ބެހެމަތް ދެކެ ވެސް ހިތްހަމަނުޖެހިފައެވެ. ކައިވެންޏާ ހަމައަށް ދިއުމުގެ ކުރީން ބެހެމަތްއަށް އެކަން ހުއްޓުވަން ބޭނުންނަމަ ހުއްޓުވުނީސްކަމުގައި ޒަލަފްއަށް ޤަބޫލުކުރެވެއެވެ. އެހެންވެ އޭނާއަށް މިވަގުތު އިހުސާސްކުރެވެނީ އެ ނިންމުމަކީ ބެހެމަތް ވެސް ބައިވެރިވެގެން ނިންމި ނިންމުމެއްގެ ގޮތުގައެވެ.

ކޮޓަރިން ނުކުމެގެން ސިޑިއާ ހަމައަށް ނުދެވެއެވެ. ޒަލަފްގެ ކަންފަތުގައި ޖެހުނީ ބެހެމަތްގެ އަޑެވެ. ނަމަވެސް ހުއްޓުމެއްނެތި ޒަލަފް ހަލުވި ފިޔަވަޅުތަކުގައި ސިޑިއާ ދިމާއަށް ދިޔައެވެ. ކުއްލިއަކަށް ޒަލަފްގެ ކުރިމަތިން ފައުޅުވެގެން ދިޔަ ބެހަމަތްގެ ގައިގާ ކުރިއަށް ހިނގަމުން ދިޔަ ޒަލަފް ނުޖެހުނީ ކިރިޔާއެވެ. އެއަށްވުރެ ކުރީން އޭނާ ކުރިއަށް ނެރެލި އަތުން ބެހެމަތް ކޮށްޕާލިއެވެ.

“ކިހިނެއްވެގެންތަ ތިއުޅެނީ…” ރުޅިއައިސްފައި ޒަލަފް ބުންޏެވެ.

“ކޮންތާކަށް ތި ދަނީ؟” ވެއްޓި ތަޅުންމަތީ ޖެހުނުކަމެއްނޭނގެ ބެހެމަތް ފުންމައިގެން ތެދުވެއްޖެއެވެ. އަދި ޒަލަފްގެ ކުރިމަތީ ހުއްޓި އޭނާގެ ކުރި ބައްދަމުން ވާހަކަދެއްކިއެވެ.

“މީ ބެހެމަތްގެ ކަންތައް؟ ކިހިނެއްވެގެންތަ މަށާ އަޅައިގަނެގެން ތިއުޅެނީ… ރަނގަޅު ރަޙުމަތްތެރިއަކަށް ވެސް ކަލޭއަށް ނުވެވުނެއްނު، އެކަމަކު އުޅޭނެ މަށަށް މާ ހެޔޮއެދޭ މީހަކަށް ވެގެން” އައިސްފައި ހުރި ރުޅީގައި ޒަލަފް ހިތަށް އައިހާ އެއްޗެއް ގޮވާލިއެވެ.

“އިހަށް މަޑުކޮށްބަލަ ޒަލަފް… މިތާ ހުރެގެން އަޑުގަދަ ކުރަނިކޮށް މީހަކަށް އިވިދާނެ، އަހަރެން ބުނަން އުޅޭ އެއްޗެއް ވެސް ޒަލަފް އަޑުއަހާލިއްޔާ ވާނީ ކީއްތަ” ބެހެމަތް ވާހަކަދެއްކީ ވަރަށް އަވަސްއަރުވާލައިފައިއެވެ.

“އަހަރެން މިދަނީ ދާން… މިވަގުތު އަހަރެން ހުއްޓުވަން ނޫޅޭ” ރުޅިގަދަވެގެން ގޮސް އަތުންފައިން ބޮޑު ގޯހެއް ހެދިދާނޭ ޒަލަފްގެ ހިތަށް އެރުމާއެކު އޭނާގެ ޟާމިރު އެކަމުގައި އެހީތެރިވެދިނެވެ. ބެހެމަތްއަށް އަނިޔާއަށް ލިބޭކަށް އޭނާ ވެސް ނޭދެއެވެ. ހުރިތަނުން ޣައިބުވީ އެހެންވެއެވެ. އެހިނދު ހާސްވެފައި ހުރެ ބެހެމަތް ވަށައިގެން ހޯދާލާފައި ވިސްނަން ފެށިއެވެ. ޒަލަފް އެހާ ރުޅި އައިސްފައި ހުރެގެން ދާނީ ކޮންތާކަށް ކަމެވެ.

“މީ މަގޭ ދިރިއުޅުން… އަހަރެން ލޯބިވާނެ މީހުންނާ ނުވާނެ މީހުން އެނގޭނީ އަހަންނަށް… އަހަރެން ކައިވެންޏެއް ކުރަންޏާ ކުރާނީ ޔަލާއާ އެހެންނޫނީ ދުވަހަކުވެސް ނުކުރާނަން ކައިވެންޏެއް” ކުދިކިޔަމުން ދިޔަ ޒަލަފް ހުރީ އަތިރިމަތީގައެވެ. ރާޅުތައް ބީއްސަމުން ދިޔަ އަޑާއި ހެނދުނަށް ހޭލައިގެން އުޅޭ ދޫނިސޫފާސޫފީގެ އަޑުތައް ފަޒާގައި ވެއެވެ. ފުންނޭވާއެއް ލީ ހިނދު މާހައުލުގައިވާ ލޮނުގެ އަސަރު އިހުސާސްކުރެވިގެންދިޔައެވެ. ކުޑަނަމަވެސް ހަމަޖެހުމެއް ޒަލަފްގެ ނަފްސަށް ލިބިގެން ދިޔައީ ދެނެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *