( ހީވޭ ކަލާ ވާހެން، މި ވާހަކައަކީ 8 މެއި 2016 އިން 29 ޑިސެމްބަރ 2017 އަށް ޖުމްލަ 89 އެޕިސޮޑްގެ ގޮތުގައި ވީނިއުސްގައި ޝާއިރު ކުރެވުނު ވާހަކައެއް. )
“ޔަލާގެ މަތީން ހަނދާންވެގެން ފޯނު ނެގިތަނާ ތި ގުޅީ” ޒަލަފްގެ އަޑު ޔަލާގެ ކަންފަތުގައި ޖެހުނެވެ. އޭނާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ޒަލަފްގެ ބަސްތައް އިވިފައި ޔަލާގެ ހުރިހާ ނުތަނަވަސްކަމެއް ފިލައިގެން ހިނގައްޖެއެވެ.
ދެ ޒުވާނުން ލޯބީގެ ވާހަކަތައް ފޯނުން ދައްކަމުން ދިޔައެވެ. އެނދުމަތީ އެއްފަރާތައް ފުރޮޅިލާފައި އަނެއްފަރާތަށް ފުރޮޅިލާފައި ޔަލާ އުޅެއެވެ. މިހެން އުޅެނިކޮށް އެ ކޮޓަރިއަށް ލުހާ އައިސް ވަނެވެ. އުނަގަނޑުގައި ދެއަތް ވިދެލާފައި ނިކަން ރީތިކޮށް ޔަލާއަށް ބަލަހައްޓައިގެން އޭނާ ހުރިއިރު ޔަލާ އެ ވާހަކަދައްކަނި ކާކާކަން ލުހާއަށް އެނގުނެވެ.
“ހޫމް…ހޫމް… ތި ދެން ބޮޑުވަރު… އިރުއޮއްސޭއިރަށް މާފޮޅުވުންފެށީ ދޯ…” ލުހާއަށް ދޫ ހިމޭނަކުން ނުބޭއްވުނެވެ. ނުވިތާކަށް އައިގޮތަށް އައިސް އެނދުމައްޗަށް ޖެހިގެންފައި ޔަލާގެ ފޯނާ ކަންފަތް ކައިރިކޮށްލިއެވެ. ލުހާގެ މި ހަރަކާތުން ފޯނުން ވާހަކަދައްކަމުން ދިޔަ ޔަލާ ފުންމައިގެން އެނދުން ތެދުވިއެވެ. އަދި އެއްއަތުން އޭނާއާ ލުހާ ގާތްވިޔަ ނުދީ ހިފަހައްޓަމުން ފޯނުކޯލު ކުރުކޮށްލާފައި ކޯލު ކަނޑައިލައިފިއެވެ.
“އަހަރެން ވެސް ދަޔާންއަށް ގުޅައިގެން ލުހާ އޮންނައިރު ގޮސް އުނދަގުލެއް ނުކުރަމެންނު” ލުހާގެ ކޮނޑުގެ ދެފަރާތުން އަތްއަޅާ އެނދާ ދިމާއަށް އޭނާ ކޮއްޕާލާފައި ޔަލާ ބުނެލިއެވެ. އެހިނދު ލުހާ ފެށީ ހޭށެވެ.
“ކާކުތަ ބުނީ އުނދަގޫ ނުކުރާށޭ… އަހަންނަށް އޯކޭ ޔާލް އައިސް އުނދަގޫ ކުރިޔަސް…” ހެމުން ހެމުން ލުހާ ބުނެލިއެވެ. ޔަލާ ލޯ އަޅާލަމުން ތުންފިއްތާލިއެވެ.
“ދެން ތިހެން ނުހުރެ ހިނގާބަލަ… މިއައީ ޔާލް ނައިސްގެން، މަންމަ ކާން ހަދައިގެން ހުންނަތާ ކިހާ އިރެއް” ލުހާ އެނދުން ތެދުވެގެން އައިސް ޔަލާގެ ކޮނޑުގައި އެލިގަންނަމުން ބުނެލިއެވެ.
“ހިނގާބަލަ” ލުހާގެ ބޮލުގައި ބޮލުން ޖަހާލަމުން ޔަލާ ބުންޏެވެ. ދެބެން އެކުގައި ޔަލާގެ ކޮޓަރިން ނުކުމެގެން ތިރިއަށް ދިއުމަށް ހިނގައިގަތެވެ.
“ކީކޭތަ ޒާލްކީ؟ މިރޭ ވެސް މީޓުކުރަން ދަނީތަ؟” ސިޑީގެ ހަރުފަތްތަކުން ފައިބަމުން ދިޔަ ލުހާއަށް ނުހުރެވިގެން އަހާލާ ފަދަ ގޮތަކަށް ސިއްރުން އަހާލިއެވެ.
“ނުބުނާނަން” ލާނެތް ރާގެއްގައި ޔަލާ ބުނެލިއެވެ. އަދި ބަދިގެއަށް ވަދެވެންދެން ވެސް ޔަލާ އެގޮތުގައި ހިފަހައްޓާލިއެވެ. ބަދިގެ ތެރެއިން ޞާބިރާ ފެނުމުން ލުހާ ވެސް ދައްކަމުން ދިޔަ ވާހަކަ ހުއްޓާލިއެވެ. ޞާބިރާއާ ހަމައަށް އަދި އެފަދަ ވާހަކަތައް އިވޭކަށް ލުހާއާއި ޔަލާ ނޭދެއެވެ. އެހެންނަމަވެސް މަންމައަށް އެއްވެސް ކަމެއް ސިއްރުކުރާކަށް ވެސް އެ ދެބެން ބޭނުމެއްނޫނެވެ. ހަމައެކަނި ބޭނުންވަނީ ފަށައިގެން އުޅޭ ލޯބީގެ ގުޅުން ހަރުދަނާ ވެލަންދެން އެ ވާހަކަތައް މަންމައާ ހަމައަށް ނުގެންގޮސް މަޑުކޮށްލާށެވެ. ޞާބިރާއަކީ ގޮތްބޮޑު ހަރުކަށި މަންމައެއް ނޫންކަން އެ ދެބެންނަށް ވެސް އެނގެއެވެ. އެހެންވެ އެ ކުދީންގެ ހޮވުމަކަށް ޞާބިރާ ފާޑެއް ނުކިޔާނެއޭ ހިތުގައި އޮވެއެވެ.
* * * *
ކައިގެން ނުކުމެ މަސްފެންގަނޑު ކައިރީ ހުރި ރުއްބުޑުގައި ޒަލަފް އިށީނދެގެން އިނެވެ. އެހެން އިންދާ އޭނާއަށް އިވުނީ ބެހެމަތް ގޮވާލި އަޑެވެ. އަވަސްއަވަހަށް ފެންސުން ބޭރަށް ނަޒަރު ހިންގާލިއެވެ.
“އެނބުރި އައިގޮތަށް އަހަރެންގެ މަތީން ހަނދާނެއް ވެސް ނެތް ދޯ” ނިކަން ފަރިވެލައިގެން ހުރި ބެހެމަތް ބުނެލިއެވެ. އޭނާގެ ދިގު އިސްތަށިގަނޑު ނިއުޅާލާފައި ފަހަތަށް ދޫކޮށްލަފައި އޮތެވެ. ދޫކޮށްހުރި ހުދުބޮޑު ދިގު ހެދުމުގެ ފަސްބައިގެ ދަށުން ބެހެމަތުގެ ފައިތިލަ ފާޅެއްނުވެއެވެ. އަތުގައި ރީނދުކުލައިގެ ބޮކަރުމަލެއް އޮތެވެ. ކަޅިރަވައިގެ ތޫނުކަމާއި އެއްވަރަށް އެ ދެ ލޮލުގެ ބެލުން ތަފާތުހެން ވެސް ޒަލަފްއަށް ހީވިއެވެ. ތުންފަތުގައިވަނީ މައުނަވީ ހިނިތުންވުމެކެވެ.
“ހަނދާން އެބަހުރި… ކީއްކުރަން ތިއައީ” ޒަލަފް އަހާލިއެވެ.
“އައިސްގެން ނުވޭތަ؟ ޒަލަފްއަށް މިހާރު ހުރިހާ ކަމެއް އެނގިއްޖެއެއްނު… އަހަންނަކީ ޒަލަފްއާ ދުރުމީހެއް ނޫނެއްނު، ޒަލަފް ހަނދާންނެތުނީތަ؟ ބުނީމެއްނު އަހަރެން ވާހަކަދައްކާލަން ޒަލަފްގެ ގާތަށް އަޔަސް އެންމެ ރަނގަޅޭ… އެހެންވެ މިއައީ… ވަކިކަމެއް އޮވެގެނެއްނޫން…” ދެ އަތުން ބޮކަރުމަލާ ކުޅެމުން ބެހެމަތް ވާހަކަދެއްކިއެވެ.
“އަހަރެންގެ ބައްޕަގެ ބެސްޓުފްރެންޑުގެ ދަރިފުޅު ދޯ ކަލޭ ތީ” ޒަލަފް އިރުކޮޅަކު އިނދެފައި ސުވާލުކޮށްލިއެވެ.
“އާން! ރޭގައި އެކަން އެނގިއްޖެއެއްނު…” ބެހެމަތް ބުނެލިއެވެ. އަދި ޒަލަފްއާ ވާހަކަދައްކާލަން އޭނާ ވިނައާއި އެ ނޫން ވެސް ކުދިކުދި ގަސްފަޅާފައި އޮތް ދިމާލުގައި ފެންސާ ކައިރިން އިށީނެވެ. ކުޑަކޮށް ދެ ކަކޫ ގަޔާ ކައިރިކޮށްލައިގެން ޒަލަފް ފެންނާނޭހެން ބެހެމަތް އިނެވެ.
“ކީއްވެ އެއްވެސް ވާހަކައެއް ކުރިން ނުބުނީ” ޒަލަފް އެހިއެވެ.
“އަހަރެން ދައްކާ އެއްވެސް ވާހަކައަކަށް ޒަލަފް ޝައުގުވެރިއެއްނުވޭ، އެހެންވީމަ މި ވާހަކަތައް ކުރިން ކިޔައިދިންނަމަ އަހަރެންގެ ވާހަކަ ޒަލަފް ޤަބޫލެއްނުކުރާނެކަން އެނގޭ… ދެން އެ ވާހަކަ ބާއްވަބަލަ… މިހާރު ޒަލަފްއަށް ހުރިހާ ކަމެއް އެނގިއްޖެއެއްނު، އަހަންނަށް އެނގޭ އަރީޝާއާއި އަބްދުއްރަޢޫފަށް ވެސް ޒަލަފްގެ ބައްޕައާ ބައްދަލުކޮށްފިކަން އެނގިއްޖެކަން” ބެހެމަތް ތަންކޮޅެއް ބޮޑަށް ހިނިތުންވެލިއެވެ.
“އާން! އެމީހުންނަށް އެނގިއްޖެ… ބެހެމަތް… ކިހިނެއް އަހަރެންގެ ލޮލަށް ވެފައި މި ހުރީ، އެމީހުން ވެސް ފުރަތަމަ އަޅައިގަތީ އަހަރެންގެ ލޮލުގައި، އަހަންނާ ރަޚަބް ބައްދަލުވެއްޖެކަން އެނގުނީ ވެސް އެހެންވެ”
“މިހާ ދުވަހު އެމީހުންނާއެކު އުޅުނީމާ ޒަލަފްއަށް ޒަލަފްއަކީ ކާކުކަން ވެސް ހުރީ ނޭނގިފައި، ޒަލަފްގެ ހުރިހާ ބާރެއް ހުރީ ހިފެހެއްޓިފައި… އެ މީހުން ކަހަލަ އިންސާނެއްހެން އުޅޭން އާދަވެފައި… އެކަމަކު މިހާރު ޒަލަފްގެ އެ ހުރިހާ ބާރެއްވަނީ ހޭލައިގެންފައި… އެކަމަކުގެ ހެއްކެއް ތި ދެ ލޯ ތީ… ޒަލަފްއަށް އެއްވެސް ކަމެއްނުވޭ… ޒަލަފްގެ ނިތްކުރީގައި ރަޚަބް އިނގިލިޖައްސާލުމާއެކު ޒަލަފްގެ ހަށިގަނޑުގައި ހިނގާ އަހަރުމެންނަށް ލިބިފައިވާ ފަދަ ބާރުތައް ހޭލައިގަތީ، ރަޚަބްއަކީ އަހަރުމެންގެ ބޮޑުމީހާގެ ދަރިއެއް… ޒަލަފްއަކީ ރަސް ޢާއިލާއަކަށް ނިސްބަތްވާ ޒުވާނެއް… އެންމެން އެހާ ވަރުން އުޅުނީ އެހެންވެ” ބެހެމަތްގެ ވާހަކަ އަޑުއަހަން ޒަލަފް އިނީ ޝައުގުވެރިކަމާއެކުއެވެ. މިފަހަރު ބެހެމަތްގެ އެއްވެސް ވާހަކައަކަށް ޒަލަފް ސުވާލެއް ނުއުފައްދައެވެ.
“އަހަރުމެންގެ ގާތަށް ޒަލަފް އަންނަންވީނު… ރަޚަބް ހުރީ ޒަލަފްގެ އިންތިޒާރުގައި…” ޒަލަފް އަނގައިން ނުބުނެ ކަމަކާ ވިސްނަން އިންހެން އިންނަން ފެށުމުން ބެހެމަތް އޭނާގެ ޚިޔާލު ފާޅުކުރީއެވެ.
އެއްޗެއް ބުނަން އުޅޭހެން ބެހެމަތްގެ މޫނަށް ޒަލަފް ބާލާލާފައި އަނެއްކާ ވެސް އިސްދަށަށް ޖަހާލިއެވެ. އޭރު ވެސް ބެހެމަތްގެ ނަޒަރު ހުރީ ޒަލަފްއަށް ހުއްޓިފައެވެ.
“ކޮންކަމަކާ ތިވަރަށް ތި ވިސްނަނީ” ބެހެމަތް ސުވާލުކުރީ ކޮންމެވެސް ކަމެއް ޒަލަފްއަށް އުނދަގޫކުރާހެން ހީވާތީއެވެ.
“ރަޚަބްއަކީ ހަމައެކަނި އަހަރެންގެ ބައްޕައެއްނޫން” ޒަލަފް އިސްޖައިގެން އިންގޮތަށް ބުނެލިއެވެ.
“އެކަމަކު ޒަލަފްއަކީ ރަޚަބްގެ ބާރުތައް ލިބިފައިވާ ހަމައެކަނި ދަރިފުޅު… އޭނާއަކީ އަހަރުމެންގެ މިހާރުގެ ރަސްޖިންނިއަށްފަހު އެ މަޤާމަށް އަންނާންހުރި ޖިންނި… ރަޚަބްއަކީ ބާރުގަދަ ޖިންނިއެއް”
“އަހަރެން ތިނޫން ވާހަކައެއް ނުބުނަން… ރަޚަބްއަކީ ކިތަންމެ ބާރުގަދަ ޖިންނިއަކަށް ވިޔަސް އިންސާނަކަށް އޭނާގެ ދެ ދަރިން ލިބިފައި އެބަހުރި، އިންސާނަކަށް ވިޔަސް ޖިންނިއަކަށް ވިޔަސް ދަރީންވާނީ ދަރީންނަށް… ބައްޕައަކު ހަމައެކަނި ބޭނުންވާންޖެހޭނީ ވަކި ދަރިއަކާ ބައްދަލުކޮށް އޭނާއަށް ވިސްނައިދޭކަށްނޫން… އޭނާ އެހެން ކަންތައްކުރާނަމަ ރަޚަބް ވެސް އުޅެނީ އޭނާގެ އަމިއްލަ އެދުމައިގެން…”
“ޒަލަފް…” ހައިރާންކަމާއި ސިހުން އެކުލެވިފައިވާ އަޑަކުން ބެހެމަތްއަށް ބުނެލެވުނެވެ.
“އާން! އަހަރެން މިހެން ނުބުނަންވީ ކީއްވެ؟ ޒާލިފަކީ އަހަރެންގެ ކޮއްކޮ، އަހަރުމެން ދެ މީހުން އުފަންވީ އެއް ރަހިމުން، އަހަރުމެން ދެ މީހުންނަކީ ވަކިކުރެވޭނޭ ދެ މީހުންނެއްނޫން، ލިބިފައިވާ ސޫރައަށް ބެލި ނަމަވެސް… މަންމަ ބުނާގޮތުގައި އަހަރުމެން ވައްތަރީ އަހަރުމެންގެ ބައްޕައާ… އެކަން ރަޚަބް ފެނުމުން އަހަންނަށް އެނގޭ… ރަޚަބްއަކީ އަހަރެންގެ ބައްޕަކަން އެނގުމުން އޭނާއަކީ ކޮންކަހަލަ މީހެއްތޯ އެނގެން އަހަރެން ބޭނުންވި، ހަމައެގޮތަށް ޒާލިފު ވެސް ހުރީ އަހަރުމެންގެ ބައްޕަ ދުށުމަށް ބޭނުންވެފައި… އޭނާއަކީ އިންސާކަށްވީމައޭ ކިޔާފައި ރަޚަބް އޭނާއާ ބައްދަލުނުކުރުމަކީ އަހަންނަށް ޤަބޫލުކުރެވޭ ކަމެއްނޫން…”
“ރަނގަޅު ވާހަކައެއް ޒަލަފް ތިބުނީ…” ކުއްލިއަކަށް ގަސްތަކުގެ ތެރެއިން އިވިގެން ދިޔައީ ރަޚަބްގެ އަޑެވެ. އެއާއެކު އިށީނދެގެން އިން ބެހެމަތް ވަގުތުން ކޮޅަށް ތެދުވިއެވެ. ރުއްބުޑުމަތީ އިން ޒަލަފް ވެސް ތެދުވެގެން ފެންސާ ކައިރިއަށް ޖެހިލިއެވެ.
“އަހަރެން ތިޔައިގެ ދެބެންނާ ވެސް ބައްދަލުކުރަން ބޭނުން… ޒާލިފު ގާތު ގޮސް ބުނޭ އެހެން… އަހަރެން މިއައީ ކަލޭމެން ދެބެންނާ ބައްދަލުކުރަން… އަހަންނާއެކު ދާން ކެރޭނެތަ؟” ހިތްހެޔޮކަމާއި އޯގާތެރިކަން ރަޚަބްގެ ދެ ލޮލާއި ތުންފަތުގައިވި ލުއި ހިނިތުންވުމުން ޒަލަފްއަށް ފެނިގެން ދިޔައެވެ. އިރުކޮޅަކު އެ ދެ ލޮލަށް ބަލަހައްޓައިގެން ހުރުމަށްފަހު އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލާފައި ހަލުވި ފިޔަވަޅުތަކެއް އަޅަމުން ގޭތެރެއަށް ޒަލަފް ގޮސް ވަނެވެ.
“ބެހެމަތް، ދެން ގެއަށް ދޭ… ކަލޭގެ ބިރުކުޑަކަމަށް އަހަރެން ތަޢުރީފުކުރަން، އަބްދުއްރަޢޫފަކީ އާދައިގެ މީހެއްނޫން، އޭނާއަށް ވެސް އަހަރުމެންނަށް ގެއްލުންދޭނެ ގޮތްތައް އެނގޭ… އަހަރެން ބޭނުމެއްނޫން މެލްފަސްގެ ދެ ލޯ އަނދިރިވާވަރުގެ ހިތާމައެއް އޭނާއަށް ލިބޭކަށް… ކަލެއަކީ އޭނާ އެންމެ ރުހޭ އަންހެންދަރިފުޅު… އަހަރުމެން ދެ މީހުންގެ ޢާއިލާ ގުޅެން އޮތީ ކަލެއާ ހަމައިން… އެހެންވީމަ މިރެއަށްފަހު ކަލޭ ޒަލަފްއާ ބައްދަލުކުރަން ވާނީ ވަރަށް ހުށިޔާރުވެ ހުރެ… އަދި އަހަންނަށް ރަނގަޅީ ބެހެމަތްއަށް އެނގޭ ކަންކަމުގެ ވާހަކަތައް އިހަށް ޒަލަފްގެ ގާތުގައި ނުދެއްކުން… މި ތަނާ މާ ދުރުނޫން ހިސާބެއްގައި މެލްފަސް ހުންނާނެ، އޭނާގެ ގާތަށް ދެން ދޭ… އަހަރެންގެ ދަރީންގެ ފަރާތުން އަހަންނަށް ގެއްލުމެއްނެތް، އެހެންވީމާ މެލްފަސް ގާތު ބުނޭ އެނބުރި އަވަށަށް ދާށޭ، އަހަރެން އޭނާއާ އެތަނުން ބައްދަލުކުރާނަމޭ” ރަޚަބްގެ ވާހަކަ ނިންމާލާފައި މަޑުމަޑުން ކުރިއަށް ޖެހިލާ ބެހެމަތްގެ ބޮލުގައި ފިރުމާލިއެވެ.
“ކޮބާ؟ ކޮންތާކު ހުރީ؟ އަހަންނަށް ފެންނާނެތަ؟ ބައްޕަ ބޭނުންވޭތަ އަހަންނާ ބައްދަލުކުރަން” ކޮންމެވެސް ވަރަކަށް ހާސްވެފައި ހުރެ ޒާލިފު ވާހަކަދެއްކީ ޒަލަފްއާއެވެ. އޭރު އެ ދެ ޒުވާނުން އެކުގައި ގޭތެރެއިން ނުކުމެގެން އަންނަނީއެވެ.
ފެންސުގެ ބޭރުގައި މަޑުކޮށްލައިގެން ހުރި ރަޚަބްގެ ހިތަށް ފިނި ވައިރޯޅިއެއް ޖެހިލި ފަދަ އިހުސާސެއް ކުރެވިގެން ދިޔައީ ގޭތެރެއިން ނުކުން އަރީޝާ ފެނިފައެވެ. ޖެހިފައި ހުރި ދެ ތުންފަތް ދުރުވެލުމާއެކު އާހް އެއްގެ އަޑު ނުކުތެވެ. އެހެންނަމަވެސް މޫނުގައިވި އުޖާލާކަން މަދު ސުކުންތުކޮޅެއްގެ ތެރޭ ފަނޑުވެ ރަޚަބްއަށް އިސްޖަހާލެވުނެވެ. އަދި ހަށިގަނޑުގެ އުނަގަނޑާ ދިމާލުގައި ކަނާތްޖައްސާ ބާރުކޮށްލެވުނެވެ. ލޮލަށް ނުފެނުނު ކަމުގައި ވިޔަސް ރަޚަބްއަށް އިހުސާސް ކުރެވުނީ ޒަމާންވީ ޒަހަމްތައް ފޭވެ އެތަންތަނުން ލޯ އޮހޮރެން ފެށިހެންނެވެ. ވޭނުން އޭނާގެ ހިތް ރޯލި ފަދައެވެ. ޚިޔާލީ ދުނިޔެއަށްގައި ވަނިކޮށް ރަޚަބްގެ ލޯ ހުޅުވައިދިނީ ޒަލަފްގެ އޭނާއާ ދިމާއަށް އަންނަކަމުގެ އިހުސާސް ކުރެވުމުންނެވެ. ބޯކަޅު އިސްތަށިގަނޑުގު އެއް އަތުން ރީތިކޮށްލި ގޮތުން ހީވީ ރަޚަބްގެ ޠަބީޢަތަށް އައި ކުއްލި ބަދަލުތައް ދުރަށް ފޮޅާލާ މުޅިން އެހެން މީހަކަށް ބަދަލުވެލި ހެންނެވެ. ޒަލަފްއަށް ހިނިތުންވެލުމާއެކު އަތުން އިޝާރާތްކޮށްލީ އޭނާއާއެކު އައުމަށެވެ. އޭރު ވެސް ޒާލިފަށް ރަޚަބްއެއް ނުފެނެއެވެ. ޖެހިލުންވެފައި ހުރެ ޒަލަފްއާއެކު އޭނާ ހިނގަމުން ދިޔައެވެ. ދޭތެރެއަކުން ޒަލަފްގެ ކޮނޑުގައި އަތްޖައްސާލައެވެ. ގަސްތަކުގެތެރެއިންލާފައި ޒަލަފް ދާއިރު ހީވަނީ އޭނާއަށް އެ ވައުގަނޑުގެ ތެރެއިން ދާނޭ ހުރިހާ މިސްރާބެއް ހިތުދަސްހެންނެވެ. ހަނދުވެރިގެ އަލި ހުރި ނަމަވެސް ބޮޑެތި ގަސްތަކުން ފައުޅުވާ ހިޔަނިތަކާ ހެދި ވެރި ވެފައިވާ އަނދިރިކަން ކުޑައެއް ނޫނެވެ. ފައިދޮށުގައި އޮވެދާނެ އެއްޗަކާ މެދު ހަމައެކަނި ވިސްނާ މީހަކީ ޒާލިފު އެކަނި ކަހަލައެވެ. ޒަލަފްގެ ނަޒަރު ހުރީ ދިމާ ކުރިމައްޗަށް ހުއްޓިފައެވެ. މީހާ ހުރީ ނިކަން ހަމަޖެހިފައެވެ.
ދެ ޒުވާނުން ހިނގަމުން އައިސް ނުކުމެވުނީ ކުޅިއާއި މޫދާއި ގުޅިފައި އޮތް ހިސާބަކަށެވެ. އޭރު ޒާލިފު ހުރީ ހިނގާހިނގާ ވަރުބެލިވެފައެވެ. ނިތްކުރިން ދާތިކި ހިލިފައެވެ. އަތިރިމައްޗަށް ނުކުންއިރު މޫދުގެ ބޮޑުބައެއްގައިވަނީ ހުއި ފަޅާފައެވެ. އެއީ ޒާލިފު މީގެ ކުރިން އައި ހިސާބެއްނޫނެވެ. ހަލަބޮލި ރާޅުތައްތަކުގެ ފޮނުތައް ގޮނޑުދޮށަށް ބީއްސަމުން ދިޔައެވެ. ބަލާލަން ހިތްގައިމު ނުވިޔަސް އިވެމުން ދިޔަ ޤުދުރަތުގެ އަޑުތަކުން އަވަސްވެފައި ހިތްތަކަށް ހަމަޖެހުން ގެނުވިއެވެ.
“ޒާލިފު…” ފަހަތުން ފިރިހެންވަންތަ ވަރުގަދަ އަޑެއްގެ ވެރިއަކު ގޮވާލުމުން އަވަސްއަވަހަށް ޒާލިފަށް ބަލާލެވުނެވެ. އެ މީހަކު ފެނިފައި ލިބުނު ހައިރާންކަމާއެކު ޒަލަފްއަށް ބަލާލެވުނެވެ. އެހިނދު ޒަލަފް ބޯޖަހާލި ގޮތުން އެ މީހުންގެ ދާދި ގާތުގައި އައިސް އެ މަޑުކޮށްލީ ރަޚަބްކަން ޒާލިފަށް ޔަޤީންވިއެވެ.
“ޒާލިފާ ބައްދަލުނުކުރަން ހުރިހެން ހީވަނީތަ؟… އެއްގޮތަކަށް ވެސް އެހެން ހީނުކުރައްޗޭ… ބައްޕަ ގަސްދުގައި ކުރި ކަމެއްނޫން އެއީ ތި ދެބެން ތަފާތުވުން، އެކަމަކު އުފާ ވެސް ވި އެހެން އެގޮތަށްވުމުން… ހިތަށް އެރި އަހަންނާއި އަރީޝާއަށް އެކަކު އަނެކަކުގެ މަތީން ހަނދާންކޮށްދޭނޭ ނިޝާނެއްކަމުގައި ތި ދެބެންވާނެއޭ… އަރީޝާއާ ވަކިވާންޖެހޭ ދުވަހަކުން ޒާލިފު ނުގެންދެވުނަސް ޒާލިފަކީ އަރީޝާގެ ހުރިހާ އުންމީދެއްކަމުގައި ވާނެއޭ… އެކަމަކު… އެކަމަކު ހީކުރި ގޮތަކަށް އެއްވެސް ކަމެއްނުވި، އަހަރެން ޝަކުވާއެއް ނުކުރަން އަރީޝާ ތި ދެބެންނަށް އަހަރެންގެ ހަޤީޤަތް ފޮރުވުމަކުން، ވަގުތު ޖެހުމުން އަހަންނަށް އެނގޭ އަހަންނަށް ވެސް ފުރުޞަތެއް ލިބޭނެކަން، އަހަންނަށް އަދި އަހަރެންގެ ދަރީންނާ ބައްދަލުވެވޭނެކަން…” ރަޚަބްގެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ. ހަޤީޤަތުގައި އޭނާ އެ ކުދީންދެކެ ކިތަންމެ ލޯބިވި ނަމަވެސް މިވަގުތު އެ ދެބެންނާ ދައްކާނީ ކޮންވާހަކައެއްކަމެއް ނޫނީ އެ ދެބެން ހިތްހަމަޖައްސައިދޭން ކޮށްދެވޭނީ ކޮންކަމެއްކަން އެއްގޮތަކަށް ވެސް ސިކުނޑިއަކަށް ގެންނާކަށް ފަސޭހައެއްނުވިއެވެ.
“އަހަރެންގެ ބައްޕަ ހުންނަ ގޮތް ބަލާލަން ބޭނުންވީ… ތީ… ތީ ހަމައަސްލައް ވެސް ޖިންނިއެއްތަ؟” ޖެހިލުންވެފައި ހުރެ ވެސް ޒާލިފު އަހާލިއެވެ. އެހިނދު ރަޚަބްގެ ލުއި ހީނލުމުގެ އަޑު އިވިގެންދިޔައެވެ. ޒާލިފަށް ހީވީ އޭނާއަށް ބުނެވުނީ ހަމަނުޖެހޭ މޮޔަ ވާހަކައެއް ހެންނެވެ.
ރަޚަބް ކުރިއަށް ޖެހިލާ މޫދާ ކުރިމަތިލިއެވެ. ދެން ފެނުނީ ލޮނުގަނޑުން ބޮކިތަކެއް އަރަން ފެށިތަނެވެ. އެ ތަނުން ލޮނު ބޮތްކެއް މަޑުމަޑުން މައްޗަށް އަރައިގެން ރަޚަބްއާ ދިމާއަށް އަންނަންފެށިއެވެ. އަދި ރަޚަބް ދިއްކޮށްލި އަތްތިލައިގައި އެ ލޮނުބޮކި އައިސް ޖައްސައިފއެވެ. އޭނާ އެއްފަރާތަށް އެނބުރި ޒާލިފަށް އެ މަންޒަރު ދައްކާލިއެވެ. އޭރު ޒާލިފެކޭ އެއްގޮތަކަށް ޒަލަފް ވެސް ހުރީ އަޖައިބުވެ އަންތަރީސް ވެފައެވެ. ދެބެން އެކަކު އަނެކަކަށް ބަލާލާފައި ހިނިތުންވެލީ ލޯކުރިމަތިން ޖާދޫއެއް ފެނުނުހެންނެވެ. ރަޚަބްދެކެ ޖެހިލުންވެފައި ހުރި ހުރުން ވެސް ކުޑަވިއެވެ. އެއަށްވުރެ ރަޚަބްގެ ބާރުތަކަށް ދެ ޒުވާނުން ޝައުގުވެރިވިއެވެ.
“އަހަންނަށް ވެސް އެހެން ހެދޭނެތަ؟” ޝައުގުވެރިކަމާއެކު ޒަލަފް އަހާލިއެވެ. ރަޚަބްއަށް ކުރިއަށްވުރެ ވެސް ބޮޑަށް ހީނލެވުނެވެ. ހީވީ އޭނާގެ ގާތުގައި ތިބީ ޅަކުދީންތަކެއް ހެންނެވެ. ކުޅިވަރު ދައްކައިގެން ހައްލައިލެވޭ އުމުރުގެއެވެ. އެހިނދު ރަޚަބްގެ ހިތަށް ވަނީ އަރީޝާގެ ޚިޔާލެވެ. އެ ދެބެން ބޮޑޫވަމުން އައިއިރު އޭނާ ދުރުގައި ހުންނަން ޖެހުނީތީ އެކަމާ ރަޚަބް ހިތާމަކުރެއެވެ.
“އަހަންނަށް ވެސް ތި ގޮތަށް ބޮކި އެރުވޭނެތަ” ދެވަނަ ފަހަރަށް ޒަލަފް އަހާލިއެވެ.
“ޒަލަފްއަށް ވެސް އެރުވިދާނެ، އެކަމަކު މިފަދަ ކަންކަމަކީ މިކަމުގެ ތަޢުލީމު ވެސް ލިބިގެން ކުރެވޭނެކަންކަން… ހަމަ ބާރެއް ހުއްޓަސް އެ ބާރުގެ ބޭނުން ކުރާން ދަސްކުރާންޖެހޭ…. ޒަލަފްއަކީ އަހަރެން ފަދަ ޖިންނިއެއްކަން އެނގުނީ އަދިކިރިޔާ، އެހެންވީމަ މި ކަހަލަ ކަންކަން ކުރާން ޖެހޭނީ ދަސްކުރާން” ރަޚަބް ބުނެލިއެވެ. އަދި އަތުގައި ޖައްސާފައި އިން ފެންބޮކި ދުރަށް ފޮޅާލުމާއެކު ވައިގެތެރެއަށް ލޮނުފެންތައް ބުރައިގެން ދިޔައެވެ. ޒާލިފު ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހިމޭންކަމުގައި އޭނާގެ ސިކުނޑިއަށް ޤަބޫލުނުކެރިފައި ހުރި ހެންނެވެ.
“ޒާލިފު… ބައްޕައާއެކު ޒާލިފު ގެންދެވާކަށްނެތް… ކީއްވެކަން ޒާލިފަށް އެނގޭނެ، އެހެންނަމަވެސް ޒާލިފު އުޅޭނޫޅޭގޮތް ބައްޕަ އަބަދުވެސް ބަލަން، ގެއްލުމެއް ނުލިބޭނެކަމުގެ ޔަޤީންކަން ބައްޕަދެން، އަނެއްކޮޅުން އަބްދުއްރަޢޫފު ދަރިފުޅު ރައްކާތެރިކުރޭ، އޭނާއަކީ ހިތްނުބައި މީހެއްނޫން، ހަމައެކަނި މައްސަލައަކީ ދުނިޔޭގައި ތަފާތު މަޙުލޫޤުން ލައްވާފައިވާއިރު އެބައެއްގެ އިން ފަހަނައަޅައި ދިއުމުން އެކަމާ އަބްދުއްރަޢޫފު ނަފުރަތުކުރާކަން، ބައްޕަގެ ތަޖުރިބާ އެކަމުގައި ވަރަށް ހިތި… އަބްދުއްރަޢޫފާއި އަރީޝާގެ ވިސްނުން އެ ހުރީ ރަނގަޅަށްކަމުގައި ބައްޕައަށް ވެސް މިހާރު ވިސްނެނީ، ބޭނުމެއްނޫން އިތުރު ލޭއޮހޮރުވުންތަކެއް ހިނގާކަށް…”
“ޒަލަފްއާއި މަންމަ ވަކިކުރުވަނީތަ؟” އިރުކޮޅަކު ވިސްނަން ހުރެފައި ޒާލިފު އެހިއެވެ.
“ފަހަރެއްގައި ވެސް އެހެނެއްނޫން… ޒަލަފްއަކީ އަރީޝާގެ ވެސް ދަރިއެއް، އަހަރެން އޭނާއަށް އިޚުތިޔާރު ދިނިން، ދަރީންގެ މައްޗަށް ހަމައެކަނި މަންމަގެ ހުކުމް ހިނގުމަކީ އިންސާފެއްތަ؟ އެ ދަރީންގެ މައްޗަށްވާ ބައްޕަގެ ހައްޤުތައް ކޮބާ؟… ޒަލަފްއަށް އަރީޝާ ކިތަންމެ ބޭނުންވިޔަސް ފުރިހަމަ ދިރިއުޅުމެއް ހޯދައެއް ނުދެވޭނެ، ދެބެން ތި ތިބީ ޒުވާނުންނަށްވެފައި، ދިރިއުޅުމަކާ ކުރިމަތިލާނީ މާދަމާ ނޫންކަމެއް ވެސް ނޭނގޭ… ޒަލަފް އެކަހެރިކުރަމުން އަރީޝާ އަންނަ އެންމެ ބޮޑު ސަބަބަކީ އެއީ… ޒަލަފް އަހަރުމެންނާއެކު އުޅުނެއްކަމަކު އޭނާ ބޭނުންއިރަކު އޭނާގެ މަންމަގެ ގާތަށް ދެވޭނެ، އެކަން ހުއްޓުވާނެ މީހަކު ނުހުންނާނެ، އަހަރެން މިއުޅެނީ ޒަލަފްއަށް މަޖުބޫރުކޮށްގެން ކަމެއް ކުރުވާކަށްނޫން”
“އަހަރެން ބޭނުންވަނީ ރަޚަބްއާއެކު ދުވަސްކޮޅަކު އުޅެން… މަންމަ ގާތު އެ ވާހަކަ އަހަރެން ބުނިން، މަންމަ އެއްބަސްވި އަހަރެންގެ ނިންމުމާ” ޒަލަފް ބުންޏެވެ.
“އަރީޝާ ހަމަ ޤަބޫލުވިތަ؟” ރަޚަބްއަށް އިވުނު އެއްޗެއް ޔަޤީންނުވެގެން އަލުން އަހާލެވުނީއެވެ.
“އާން! އަހަރެން ބޭނުންވާ ގޮތާ މަންމަ ޚިލާފެއްނުވާނެކަމަށްބުނި، އަހަރެން މިއުޅެނީ މަންމައާ ވަކިވާކަށްނޫން، އެކަމަކު އަހަރެން ވެސް ބޭނުން އަހަންނަކީ އިންސާނަކަށްނުވާއިރު، އަހަރެން ފަދަ މީހުން އުޅެނީ ކިހިނެއްކަން ދެނެގަންނަން” ޒަލަފް ވަރަށް ޔަޤީންކަމާއެކު ބުންޏެވެ.
“އެހެންވީރު ޒަލަފް ތައްޔާރުވެ ހުރޭ، އަހަރެން އަންނާނަން ޒަލަފް ބަލާ” ރަޚަބް މިހެންބުނެ ޒާލިފާ ދިމާއަށް އެނބުރުނެވެ.
“ދަރިފުޅުގެ މަންމައާއި އަހަންނާ ދެމެދު ކަންތައްވީގޮތް ޒަލަފް ކިޔައިދީފައި އޮންނާނެކަމަށް އަހަރެން ހީކުރަން، އަހަންނަށް މާފުކުރޭ ބައްޕައެއްގެ ޒިންމާ އުފުލުމަށް ގާތުގައި ނުހުރެވުނީތީ… ހަޤީޤަތް އެނގުމަށްފަހު ވެސް އަހަންނަށް ޒާލިފު ގެންދެވެން ނެތީތީ… އަހަރެންގެ މީހުން ޒާލިފު ބަލައިނުގަންނާނެކަން އެނގިހުރެ އެފަދަ ތަނަކަށް އަހަރެން ތި ދަރިފުޅު ގެންދާކަށް ބޭނުމެއްނޫން، ޒާލިފު… އަރީޝާއަށް ހިތްވަރުދީ… މި ދަތި ނިންމުން އޭނާ އެ ނިންމީ ހިތާދެކޮޅައްކަން އަހަރެން ދެނަހުރިން، އޭނާ ދުވަހަކު ވެސް ނޭދޭނެ އަހަރުމެންނާ ތިޔައިގެ ދެބެން ގުޅުމެއް ބާއްވާކަށް… ކަމަކަށް ބޭނުންވެއްޖެނަމަ ޒަލަފްގެ ގާތުގައި ބުނޭ، އޭރުން އަހަރެން އެކަމެއް ކޮށްދޭނަން، ދުރުގައި ހުންނަންޖެހުނަސް، ދަރިފުޅުގެ ބައްޕަކަން މީ ހަނދާންކުރާނެކަމަށް ހީކުރަން، ޒާލިފަކީ އަހަރެންގެ ދަރިއެއްކަން އަހަރެން ވެސް ހަނދާންނައްތައެއްނުލަން” ރަޚަބްގެ ވާހަކައިން ޒާލިފަށް ބަޔާންކުރަން ދަތި އިހުސާސްތަކެއް ކުރެވިގެން ދިޔައެވެ. ބައްޕައަކީ ޖިންނިއެއްކަމުގައި ވިޔަސް އޭނާ ބިރުގަންނަ ފަދަ އެއްވެސް ސިފައެއް ރަޚަބްގެ ފަރާތުން ފާޅެއްނުވެއެވެ. ދައްކާ ވާހަކަތަކުގައި އޭނާގެ އަމިއްލަ އެދުންތަކެއް ނުވެއެވެ. އެހެންނަމަވެސް ދަރީންނަށްޓަކައި އޭނާގެ ހިތުގައިވާ ކެތްތެރިކަން ކޮޅުންލާފައި ވާކަމުގެ އިހުސާސް ޒާލިފުގެ އިތުރުން ޒަލަފްއަށް ވެސް ކުރެވުނެވެ. މަޑުމަޑުން ޒާލިފު ބޯޖަހާލިއެވެ. ރަޚަބްގެ ވާހަކަތައް އޭނާއަށް އެނގިއްޖެކަމުގައި އަންގާލުމުގެ ރަމްޒެއްގެ ގޮތުންނެވެ.
“އެބަ އަންނަން…” މާޙައުލަށް ވެރިވެފައިވާ މޮޅިވެރި ހިމޭންކަން ނައްތާލަމުން ރަޚަބް ބުނެލިއެވެ. އަދި އޭނާ ދިޔަތާ ގިނައިރެއްނުވެ އައީ ތިން ކުރުނބާ ހިފައިގެންނެވެ. އޭނާގެ ކުޅަދާނަކަން ބަލަން ޒާލިފާއި ޒަލަފް ކަޅިހުއްޓާލައިގެން ތިއްބެވެ. އެ މީހުންގެ ކުރިމަތީ ކުޑަކަކޫޖަހައިގެން އިނދެ ދެ އަތުން ކުރުނބާ ނޮޅަމުން ދިޔައީ ފަރިތަކަމާއެކުއެވެ. ކުއްލިއަކަށް މާޙައުލު ބަދަލުވެއްޖެއެވެ. އުފާވެރިކަމާއި ހުނުމުގެ އަޑު ފާޅުވެގެން ދިޔައީ ޒަލަފްއަށް ރަޚަބް އެއްލި ކުރުނބާއިންނެވެ. އޭނާ އެދުނީ އޭނާ ކުރުނބާ ހަދާ ގޮތަށް ޒަލަފްގެ ދެއަތުން ކުރުނބާ ފަޅާލުމަށެވެ. ޒަލަފް އެ ކުރުނބާއާ އޮޅުލާތަން ފެނި ޒާލިފާއި ރަޚަބް ހޭން ތިއްބެވެ. ދޭތެރެއަކުން މަޑުޖައްސާލާފައި ރަޚަބް ހަދާގޮތެއް ނިކަން ރަނގަޅަށް ބަލަން ޒަލަފް އިނދެއެވެ. އެހެން އިނދެފައި ހަމަ އެގޮތަށް ކަންތައްކުރަން ޒަލަފް ފަށައެވެ. ނަމަވެސް ދެ މީހުންގެ ދެމެދުގައިވާ ތަޖުރިބާއާއި އުމުރުގެ ފަރަގުގެ އިތުރުން ބާރު ހުރަހަކަށް ވެގެންދެއެވެ. ރަޚަބް ދެ ކުރުނބާ ހަދާފައި އެއް ކުރުނބާ ޒާލިފަށް ގެނެސް ދިނެވެ.
“އަމިއްލަ ކުރުނބާ ހެދެންވާނެ، ތީ އަދި ވަރަށް ލުއިލުއި ކަމެއް…” ހީނލާފައި ރަޚަބް ބުންޏެވެ.
އެކިއެކި ސަކަރާތުގައި ވަގުތު ދިޔަ ގޮތް ވެސް ޒާލިފާއި ޒަލަފްއަށް ނޭނގުނެވެ. އެހެންނަމަވެސް ޒަލަފްގެ ބައެއް ހަރަކާތުން ރަޚަބް ހައިރާންކޮށްލާ ފަދަ ބާރު ފެނިގެންދެއެވެ. އެފަދަ ކޮންމެ ވަގުތެއްގައި އޭނާގެ މޭގައިވާ ހިތް ތަޢުރީފުން އުތުރި އަރައިގަނެއެވެ. ހެމުންހެމުން ދަރިފުޅުގެ ކޮނޑުގައި ޖަހާލެވެއެވެ. ހައިރާންކުރުވަނިވި އެތައްކަމެއް ރަޚަބް އޭނާގެ ދެ ދަރީންނަށް ދެއްކިއެވެ. އޭނާގެ މައްޗަށް އެ ދެބެންގެ ހިތުގައި ނަފުރަތު ނުވާކަން އެނގޭތީ އެކަމާވެފައި ހުރި އުފާ ފައުޅުކުރާނޭ އެހެންގޮތެއް ރަޚަބްއަށް ނޭނގުނީއެވެ. ގެއަށް ދާންވެއްޖެކަމުގައި ބުނެ ރަޚަބް އައިސް އޭނާގެ ދެ ދަރިންގެ ކޮނޑުގައި އަތްޖައްސާލިއެވެ. ހަމައެހިނދު ޒާލިފަށް އެސްފިޔަޖަހާލާފައި ހުޅުވާލެވުނު އިރު ތިބެވުނީ އެ މީހުން އުޅޭ ގެއާ ކައިރީގައެވެ.
ދެ ޒުވާނުން އެކުގައި ހިނގައިގަތީ ގެއަށް ވަންނަން ހުރި ގޭޓާ ދިމާއަށެވެ. އެތެރެއަށް ވަދެގެން ދިއުމުގެ ކުރިން ޒާލިފު ފަހަތަށް އެނބުރި ބަލާލިއެވެ. އޭރު ވެސް ރަޚަބް ހިނިތުންވެލައިގެން ހުއްޓެވެ. ދެން ވެސް ޒާލިފަށް އެ ކުރެވުނު އިހުސާސް ބަޔާންކުރާނޭ ގޮތެއް ނޭނގުނެވެ. މައުނަވީ ނަޒަރަކުން ރަޚަބްއަށް ބަލަން ހުރެފައި ލުއި ހިނިތުންވުމެއް ޒާލިފު ބަދަލުކޮށްލިއެވެ. އަދި މަޑުމަޑުން ހިނގާފައި އެތެރެއަށް ވަންނަން ދިޔައެވެ.
“ހާދަ ލަސްވީ؟” ސިޓިންރޫމުގައި ހުރި ސޯފާއިން އަވަސްއަވަހަށް ތެދުވުމާއެކު އަރީޝާ ބުންޏެވެ. އަދި ހަލުވިކޮށް އައިސް ދޮރުމަތީ މަޑުކޮށްލުމާއެކު ގޭޓާ ދިމާއަށް ނަޒަރު ހިންގާލިއެވެ. ކަންބޮޑުވުމާއެކު އޭނާއަށް ހިންދިރުވާލެވުނެވެ. އޭނާގެ ލޮލަށް ނިވާވެގެން ދުރުގައި ބަލަން ހުރި ރަޚަބްއެއް އަރީޝާއަކަށް ނުފެނުނެވެ. މޭގައި ކަނާތްއަޅާ މުށުގެތެރެއަށް ހެނދުން ބޮޑިކޮށްލުމާއެކު ފުންނޭވާއެއް އަރީޝާ ބޭރުކޮށްލިއެވެ. އަދި އެނބުރި ސޯފާގެ ކައިރިއަށް ހިނގައިގަތީ ހަމަޖެހޭގޮތް ދައްކަމުންނެވެ.
“ހިތުންފިލުވޭތޯ ވަރަށް މަސައްކަތްކުރިން… ހަމައެކަނި ކުރެވުނު ކަމަކީ ތި ލޯބި ހިތުގެ އަނދިރިކަމުގެ ތެރޭގައި ފޮރުވާލުން” އަމިއްލަ ޟަމީރަށް އިވޭވަރަށް ރަޚަބް ބުނެލިއެވެ.
ޒާލިފާއި ޒަލަފްގެ ވާހަކަތައް އަޑުއަހަން އަރީޝާ އިނީ ކަންބޮޑުވެފައެވެ. ރަޚަބްގެ ވާހަކަތައް އެ ދެބެން ދައްކަމުން ދިޔައިރު ކުޑަކޮށް ވެސް ޖެހިލުންނުވެއެވެ. ހިތުގައިވާ ޝަކުވާތައް އަރީޝާ ބޭރު ނުކުރީ އޭނާގެ ދަރީންގެ ކުށެއްނެތްކަން އެނގޭތީއެވެ. އެ ދެބެންނަށް ރަޚަބްއަކީ އެ މީހުން މި ދުނިޔެއަށް އުފަންވުމަށް މެދުވެރިވި އެ މީހުންގެ ބައްޕައެވެ. އެހެންވެ ރަޚަބްއަކީ ޖިންނިއެކޭ ބުނުމުން ވެސް އެކަމުގައި ހުރި ބިރުވެރިކަން ޒާލިފާއި ޒަލަފްއަށް ނުވިސްނެނީ ކަމުގައި އަރީޝާއަށް އެނގެއެވެ.
“ދެން ދުވަސްކޮޅަކުން މޮޅެތިކަންކަން ދަސްކުރަން ދަރިފުޅު މަންމަމެންނާ ވަކިވެގެން ދާނެހެން މަންމައަށް ހާދަ ހީވެޔޭ” އަރީޝާ ހިމޭނުން އިނދެފައި ވާހަކަދެއްކިއެވެ.
“މަންމަ ކީއްވެތަ އަބަދު އަހަރެން ހިނގައިދާނެއޭ ހީކުރަނީ… އަހަރެން ބުނީ ހަމައެކަނި ކުޑަދުވަސްކޮޅަކަށް ދާ ވާހަކައެއްނު، އެއީ އުމުރަށް ވަކިވުމެއްނޫނެއްނު” ޒަލަފް ބުންޏެވެ. މިފަހަރު އޭނާގެ ވާހަކައާ އަބްދުއްރަޢޫފު އެއްބަސްވިއެވެ. ޚުދު އަބްދުއްރަޢޫފު ވެސް ހުރީ ޒަލަފްގެ ވާހަކައިން އަޖައިބުވެފައެވެ. ރަޚަބްމެންގެ ދިރިއުޅުން ހުންނާނެ ގޮތް އެއީ އެކަކަށް ވެސް އެނގޭކަމެއް ނޫނެވެ. އެހެންނަމަވެސް ޒަލަފްގެ ވާހަކަތަކުން އޭނާއަށް އެނގުނު ކަންކަމާމެދު ހުރީ ޝައުގުވެރިވެފައެވެ. އިންސާނުންގެ ދިރިއުޅުމާއި ރަޚަބްމެންގެ ދިރިއުޅުން އެއްގޮތް ވެދާނެކަމަކަށް އަބްދުއްރަޢޫފު ހިޔެއްނުކުރެއެވެ.
ޒަލަފްގެ ވާހަކައަށް އަބްދުއްރަޢޫފު ބާރު ދިނުމުން ދެކޮޅަށް ވާހަކަދައްކަން އަރީޝާ ބޭނުމެއްނުވިއެވެ. އެއާއެކު ޒަލަފް ދެން އިއްވާލީ އޭނާ ބަލާ ރަޚަބް އަންނާނެކަމުގައެވެ. އެމީހުންގެ ގާތަށް ދިއުމަށް ޒަލަފް ތައްޔާރުވާން ޖެހޭނެކަމެވެ. ޒާލިފާއިއެކު ޒަލަފްގެ ކޮޓަރިއަށް ދިއުމަށް އޭނާ ހިނގައިގަތެވެ.
“ޒަލަފް، އަހަރެން ހީކުރީ ބައްޕައަކީ ޖިންނިއެކޭ ބުނީމަ ވަރަށް ބިރުވެރިވާނެކަމަށް” ޒަލަފްގެ އެނދުގައި އިށީނދެގެން އިން ޒާލިފު ވާހަކަދެއްކިއެވެ.
“އެކަހަލަ އެއްވެސް ގޮތެއް ނުހުރެއެއްނު… އިންސާނުންނާ ވައްތަރެއްނު” ރަޚަބް ބަލާ އަންނާނެ ކަމުގައި ބުނެފައި އޮތުމުން ޒަލަފްގެ ހިތްވަނީ އަވަސްވެފައެވެ.
“ބުނެދޭން ނޭނގުނަސް ބައްޕަގެ ހުރޭ ތަފާތުކަމެއް… ޒަލަފް، އަހަރެން އަޑުއަހަން ޖިންނީންނަށް އެ މީހުން ބޭނުން ސިފައެއް ޚިޔާރު ކުރެވިދާނެއޭ، އަނެއްކާ އެއީ ބައްޕަ އަހަރުމެންނަށް ފެންނަން ވެގެން ޖެހިފައި ހުރި ސިފައެއްތަ؟” ޒާލިފުގެ ސިކުނޑީގައިވާ ސުވާލުތައް ދުލާ ހަމައަށް ގެންނަމުން އޭނާ ދިޔައެވެ. ޒަލަފް ކުއްލިއަކަށް ލުއި ގޮތަކަށް ހީނލިއެވެ. އެހިނދު އޭނާގެ ހީނލުމުގައި އެ ހުންނަ ގޮތާއި ރަޚަބްގެ ހީނލުމުގައި ހުންނަ ގޮތް އެއްގޮތްކަމުގައި ޒާލިފަށް ފާހަގަވިއެވެ.
“ބިރުވެރި ސިފައެއްގައި ނުހުރިކަން ނަސީބެއްނު، އެހެންނޫނަސް ކިހާ ސަޅިވާނެ ބޭނުން ސިފައެއް ޚިޔާރު ކުރެވެންޏާ” ޒަލަފް ބުންޏެވެ.
“މަންމަ އެހާ ބިރުގަންނަނީ އެހެންވެގެންކަންނޭނގެ” ޒާލިފު މިހެން ބުނުމާއެކު ކުއްލިއަކަށް އޭނާގެ ހިތަށް ވަނީ ޔަލާގެ ޚިޔާލެވެ. އެއާއެކު މައުނަވީ ބަލާލުމަކުން ޒަލަފްއަށް ބަލާލެވުނެވެ. ޒާލިފު ގެންގުޅޭ ދަބަހަކަށް ޒަލަފް ބޭނުންކުރާ ހެދުންތަކެއް އަޅާން އޭނާ ހުއްޓެވެ.
“ޔަލާއަށް މި ހުރިހާ ކަމެއް އެނގިއްޖެއްޔާ ދެން ވާނެ ގޮތަކާ މެދު ޒަލަފް ނުވިސްނާބާ” އަމިއްލަ ހިތާ ޒާލިފު ސުވާލުކުރިއެވެ. އޭނާއަށް ފެންނަނީ ވަރަށް ހަމަޖެހިފައި ހުރި ޒަލަފްއެކެވެ. ރަޚަބްއާ ބައްދަލުކޮށްފައި އައިފަހުން ޔަލާގެ ވާހަކައެއް ޒަލަފް ނުދައްކައެވެ. އަދި ޔަލާގެ ޚިޔާލުގައި ހުންނަ ތަނެއް ވެސް ޒާލިފަކަށް ނުފެނެއެވެ.
މިހާރުއްސުރެ ޒަލަފް ހުރީ ރަޚަބް އަންނާނެ އިރަކަށް އިންތިޒާރުގައެވެ. ރޭގަނޑު ދިހައެއް ޖަހަން އުޅެނިކޮށް ޔަލާގެ ފޯނުކޯލެއް ޒަލަފްއަށް އައެވެ. މާ ގިނައިރަކު ޒަލަފް ފޯނަކު ނުހުރެވުނެވެ. ބެހެމަތްގެ އަޑު ކަންފަތުގައި ޖެހުމާއެކު އެ ދިމާއަށް ދާން އޭނާ ބޭނުންވީއެވެ. ޚަބަރު އޮޅުން ފިލުވަން ބޭނުންވެގެން ކަހަލައެވެ. ގެއިން ނުކުންނަން ޒަލަފް ގޮސް ގޮސް ހުއްޓާ ޒާލިފު ގޮވާލި އަޑަށް ޒަލަފް ހުއްޓުނެވެ. ބަދިގެއިން ސައިޖޯޑެއް ހިފައިގެން އޭނާ އޭރު ނުކުންނަނީއެވެ.
“ދަނީތަ؟ ބައްޕައައީތަ؟” ޒާލިފު ސުވާލުކުރިއެވެ. އެއާއެކު ބޮލުގެ ފުއްކިބައިގައި އަތްހާކާލުމާއެކު ޒަލަފް ކުޑަކޮށް ހިނިތުންވެލަމުން ދެ ފަރާތަށް ބޯހޫރާލިއެވެ.
“މަސްފެންގަނޑު ކައިރިއަށް މިދަނީ” ޒަލަފް ބުނެލިއެވެ.
“ހިނގާ އަހަރެން ވެސް ދާނަން” ޒާލިފު މިހެން ބުނުމުން އެކަން މަނާ ކުރާކަށް ޒަލަފްއަކަށް ނުކެރުނެވެ.
ދެ ޒުވާނުން އައިސް މަސްފެންގަނޑު ކައިރީ މަޑުކޮށްލިތަން ބެހެމަތްއަށް ފެނުނެވެ. އޭނާ އެތަނުގައި ހުރިކަން ޒާލިފަށް ނޭނގޭނެކަމާއި އަދި އޭނާ ދައްކާ ވާހަކަ ވެސް ޒާލިފަށް އަޑު ނީވޭނެކަމަށް ބެހެމަތް ބުނުމުން ޒަލަފް ހަމަޖެހިލިއެވެ. އަދި އޭނާ މި އައީ އޭނާގެ މީހުންނަށް ނޭނގޭނޭހެން ކަމަށް ވެސް ބުންޏެވެ. ރަޚަބްއާއި މެލްފަސްއާ ދެ މީހުން ޒަލަފް ބަލާ އެބަ އަންނަ ކަމުގައި ބެހެމަތް ބުނެލިއެވެ. އާދަޔާ ޚިލާފު އުފާވެރިކަމެއް ބެހެމަތްގެ މޫނުމަތިން ފައުޅުވޭވޭ ހުއްޓެވެ. އެ އަންހެންކުއްޖާ ޒަލަފްއަށް އެހާ ގާތްގޮތެއް ބަހައްޓަންވީ ސަބަބެއް އެއްފަހަރު ވެސް ޒަލަފް ވިސްނާނުލައެވެ. ނޫނީ އޭނާ އެކަމާ ވިސްނަން ބޭނުންނުވަނީ ކަންނޭނގެއެވެ.
“އަހަރެން ބަލާ އެބައާދޭ އެމީހުން” ޒަލަފް ކުއްލިއަކަށް ހުރެފައި ޒާލިފުގެ ގާތުގައި ބުނެލިއެވެ.
“ޒަލަފްއަށް އެމީހުން އަންނަކަން ކިހިނެއް އެނގުނީ، އެމީހުންނޭ ތިބުނަނީ ބައްޕަ އެކަންޏެއް ނޫންތަ އަންނަނީ” ހައިރާންވެފައި ޒާލިފު އަހާލިއެވެ.
“އާން! ބައްޕަގެ އެންމެ ގާތް އެކުވެރިޔާއާއެކު އަންނަނީ” ޒަލަފް މި ދައްކަންފެށި ވާހަކައަކުން ދުރުގައި ހުރި ބެހެމަތް އެހާ ރުހޭ ހެންނެއް އޭނާގެ މޫނުމަތިން ފައުޅުވާންފެށިއެވެ. އެހެންނަމަވެސް އެކަމަށް ޒަލަފްގެ ފަރުވާލެއް ނެތެވެ.
ހިނިތުންވެލައިގެން ޒާލިފު ހުރި ކޮންމެވެސް ޚިޔާލެއްގެ ތެރޭގައެވެ. އޭނާގެ ސައިޖޯޑުގައި ދެ އަތުން ހިފައިލައިގެންނެވެ. އެއްކޮށް ސައިތަށި ނުބޮވި އުޅެނިކޮށް ފިނިވެއްޖެއެވެ. އެހެންވެ ސައިޖޯޑު ބޮއެ ހުސްކޮށްލުމުގެ ޚިޔާލެއް އޭނާގެ ނެތެވެ. މަޑުމަޑުން ހުރެފައި ޒާލިފު ވާހަކަދައްކަން ފެށިއެވެ.
“މަންމައަށް ނޭނގި ނުދާތި… އަނެއްކާ މިހާ އަވަހަށް ޒަލަފް ތިކަހަލަ ނިންމުމެއް ނިންމައިގެން މަންމައަށް ވެފައި ހުރި ގޮތް އެނގެއެއްނު… ވަރަށް މަސައްކަތް މަންމަ ކުރޭ ޒަލަފް ރުއްސަންވެގެން”
“އެނގޭ ތިކަން… ލަސްކުރަންވީ ސަބަބެއް އަހަންނަކަށް ނުވިސްނޭ، ރަޚަބްގެ ގާތުގައި އަހަރެން އުޅެން ބޭނުންވަނީ އަހަންނަކީ ޖިންނިއެކޭ އެ މީހުން ބުނާތީ، އަހަންނަށް އަހަރެންގެ އަމިއްލަ ނަފްސު ދަސްވާނީ އެ މީހުންގެ ގާތުން، ޒާލިފަށް އެނގޭނެ މިހާރު ވެސް އަހަރެން ހަޔާތުން ދުވަސްތަކެއް ބޭކާރުވެގެން ހިނގައްޖެ، އަހަރެން ބޭނުން އަހަންނަށް ވެސް މި ދުނިޔޭގައި ދިރިއުޅުމެއް އުޅެވޭނެ ގޮތެއް ހޯދަން… އެހެން މީހުންހެން މިނިވަންކަމާއެކު އުޅެން… ފަހަރެއްގައި ރަޚަބްގެ ފަރާތުން އަހަންނަށް އަހަރެން ބޭނުންވާ ފަދަ ދިރިއުޅުމެއް ހޯދޭނެ ގޮތް މެދުވެރިދާނެ…” ޒަލަފް އައިސް ޒާލިފުގެ ކޮނޑަށް ކަނާތްވައްޓާލިއެވެ. ދެ ޒުވާނުން އެކުގައި ގޭތެރެއަށް ވަނުމަށް ދިޔައެވެ.
“އަހަރެން ވެސް ބޭނުންވަނީ ޒަލަފް އުފަލުގައި ހުރުން…” ލުއި ހިނިތުންވުމެއް ދާދި ގާތުގައި ހުރެގެން ހިނގަމުން އަންނަ ޒަލަފްއަށް ބަދަލުކޮށްލަމުން ޒާލިފު ބުނެލިއެވެ.
އަރީޝާގެ ހިތާއި ފުރާނައިގައި އަތްއަޅާލާފައި އޭނާ ދުވަހަކު ވެސް ރަޚަބް ގެންދިޔަ ނުދޭނަންކަމަށް ބުނަމުން އައި ދަރިފުޅު އެ މީހުންނާއެކު ދިއުމަށް ހުއްދަ ދިނެވެ. ކަރުނުން ފުރިފައިވާ ދެ ލޮލުގެ ތެރޭގައި އިތުރު ނަފުރަތުކަމެއް ވެސް އަނދައިގަތެވެ. މިވަގުތު ރަޚަބް ހުންނާނީ އޭނާއަށް ލިބުނު ކާމިޔާބީގެ ސަބަބުން އަރީޝާއަށް މަލާމާތްކޮށްކޮށް ކަމުގައި އަރީޝާގެ ހިތަށް އެރިއެވެ. ކޮންމެވެސް ދުވަހަކުން ގެންދާނަމޭ ބުނެފައި މިއަދު މީ އެ ދުވަސް ކަމުގައި ވެއްޖެއެވެ. ރަޚަބް ބަދަލު ހިފަނީ ކަމުގައި އަރީޝާއަށް އިހުސާސް ކުރެވުނެވެ. ޒަލަފް ކޮނޑުގައި ދަބަސް އަޅުވާލައިގެން ގެއިން ނުކުން އިރު އޭނާގެ ގާތުގައި ހުރީ ޒާލިފެވެ. ދޮރާ ހަމައަށް ވެސް އަރީޝާ ނުކުންނަން ބޭނުންނުވީ ރަޚަބް ބަލަން ހުންނާނޭ ހީވާތީއެވެ. އޭނާއަށް އެއްގޮތަކަށް ވެސް ފެންނަން ބޭނުންނުވާތީއެވެ. އަރީޝާގެ ގާތުގައި ސޯފާގައި އަބްދުއްރަޢޫފު މަޑުކޮށްލައިގެން އިނެވެ.
“އެއީ ނުބައި ނުލަފާ އިފުރީތެއް… ޒަލަފްގެ ބޮލަށް އޭނާ އެރިގެން އެ ހުރިހާ ކަމެއް އެ ކުރަނީ… ރަޢޫފު، އަހަރުމެން އެހާ ވަރުން ރައްކާތެރިކުރި ދަރިފުޅު އޭނާ މިރޭ އެ ދަނީ ގޮވައިގެން…” އަރީޝާއަށް ރުޅި ކޮންޓްރޯލު ނުކުރެވި ހުރިހާ އުދާސްތައް ކަރުނައިގެ ސިފަ ޚިޔާރު ކުރިއެވެ.
“އަހަރުމެންނަށް ވަކި ކުރެވެން އޮތީ ކޮންކަމެއް، ޒަލަފް ހުއްޓުވަން އަހަރެން ކަމެއްކޮށްފިއްޔާ މި ނާޒުކު ވަގުތުކޮޅުގައި އޭނާ އަބަދައް ޓަކައި އަހަރުމެންނާ ވަކިވެދާނެ… ހިތްވަރު ކުރޭ އަރީޝާ، އިރާދަކުރެއްވިއްޔާ ޒަލަފްއަށް އެ މީހުން ބޭނުންހާ ގޮތެއް ނުހެދާނެ، އެއަށްވުރެ އޭނާގެ ވިސްނުން ރަނގަޅުވާނެ” އަރީޝާގެ ކޮނޑާ ދިމާލުން ބުރަކަށީގައި މަޑުމަޑުން ފިރުމަމުން އަބްދުއްރަޢޫފު ވާހަކަދެއްކިއެވެ.
ޒާލިފު ބަލަން ހުއްޓާ ޒަލަފް ނުކުމެގެން ގޮސް އަނދިރިގަނޑުގެ ތެރެއަށް ވަނުމާއެކު ލޮލަށް ޣައިބުވެއްޖެއެވެ. އިރުކޮޅަކު ބަލަން ހުރެފައި އޭނާ ވަނީ އެތެރެއަށެވެ.
* * * *
މުޅިން އައު ދުވަހަކަށް ދުނިޔެމަތި އަލިކޮށްލާފައި ވެއެވެ. ބޮޑެތި ފަރުދާތައް ދެ ފަރާތަށް ކަހަލާފައިވާ އިސްކޮޅު ވަރުގެ ކުޑަދޮރުތަކެއް ހުއްޓެވެ. މަލްމަލްގެ ދާނެއްގައި އޮވެވުނު ޒަލަފް ދެ އަރިއަކަށް ޖެހިލާފައި ލޯ ހުޅުވާލީ އޭނާއަށް އުނދަގޫ ކުރަމުން ދިޔަ ކޮކާ އަވިންނެވެ. ފުންމައިގެން ތެދުވެ އެނދުގެ އަރިމަތީ އިށީނދެ ކުޑަދޮރާ ދިމާއަށް ބަލަން އިނދެ ކަނާތުން ދެ ލޯ އުނގުޅާލިއެވެ. އޭނާ އެ އޮތީ އޭނާއަށް ޚާއްޞާ ކުރެވިފައިވާ ކޮޓަރީގައެވެ. އެއީ ރަޚަބްގެ ގަނޑުވަރެއް ފަދަ ގެއެވެ. މަޑުމަޑުން ތެދުވެގެން އައިސް ކުޑަދޮރުގެ ކައިރީ މަޑުކޮށްލުމާއެކު ގޯތީގެ މެދުގައި ހެދިފައި ހުރި ބޮޑު ނިކަގަސް ފެނުނެވެ. ކުދިވެރިން ހަރަކާތްތެރިވާތަން ފެންނަމުން ދިޔައެވެ. ބައެއް ކުދީން ނިކަގަހުގެ އަޅޯތަކުގައި އެލި ގަހަށް އަރަން މަސައްކަތް ކުރެއެވެ. ކޮންމެއަކަސް ފެންނަނީ ވަރަށް ހަރަކާތްތެރި ވެށްޓެކެވެ.
“ޒަލަފް…” މަޑުމަޑުން ދޮރުފަތުގައި ޓަކި ޖަހާލި އަޑާއިއެކު އަންހެނަކު ގޮވާލި އަޑު ޒަލަފްއަށް އިވުނެވެ.
“ވަދޭ…” ޒަލަފް ބުނެލިއެވެ. އެއާއެކު އެ ކޮޓަރިއަށް ވަދެވެން ހުރި އޭނާގެ ދެ މީހުން ވަރުގެ އިސްކޮޅު ހުންނާނެ ދެ ފަރާތަށް ހުޅުވޭ ދޮރުފަތުން އެއްފަރާތް ހުޅުވާލާފައި އަންހެނަކު ވަނެވެ. ކުރިން ފެނިފައި ހުރި އަންހެނެއްކަން ޒަލަފްއަށް އެނގުނެވެ. އެހެންނަމަވެސް ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނީއެވެ.
“އަހަރެންމީ ހިއްރާ… ރަޚަބްގެ…” ހިއްރާ މިހިސާބަށް ބުނިތަނާ ޒަލަފް އޭނާއަށް އެނގިއްޖެކަމުގައި ބުނެލިއެވެ.
“މީ ރަޚަބް ފޮނުވި ހެދުން… ތިރީގައި އެންމެން ވެސް ތިބީ ޒަލަފްގެ އިންތިޒާރުގައި… މީ އަހަރުމެންގެ ތެރޭ ހެނދުނު ހޭލާ ގޮތަށް ބޯ ބުއިމެއް، ޒަލަފްއަށް ކަމުނުދަންޏާ ނުބޮއެ ބެހެއްޓިޔަސް އެންމެ ރަނގަޅު” ހިތްހެޔޮ ގޮތަކަށް ހިއްރާ ބުނެލިއެވެ. އޭނާގެ ފަރާތުން މަންމައެއްގެ އޯގާތެރިކަން އެހާ ކުޑަކުޑަ ހަރަކާތަކުން ވެސް ޒަލަފްއަށް ފައުޅުވެގެން ދިޔައެވެ. އަދި ހިއްރާއަކީ ހިތްހެޔޮ މީހެއްކަމުގައި ޒަލަފްގެ ޟަމީރު ވަގުތުން އެއްބަސްވިއެވެ.
“ރިހިކުލައިގެ ބޮޑު ތަބަކެއްގެ ތެރޭގައި ފަތްޖަހާފައި އޮތް ހެދުން ނަގާ އެނދުގެ ފައިލާކޮޅުގައި ބަހައްޓާފައި އެ ކޮޓަރީގައި ހުރި ތިރި މޭޒެއްގެ މަތީ ތަބަކުގައި މަތިޖަހާފައި ހުރި ލޮއިތަށި ނަގާ ބެހެއްޓިއެވެ. ހިއްރާ އެ ބުނާ ބުއިމެއް ހުރީ އެ ތަށީގައެވެ. އަދި ގިނައިރަކު އެ ކޮޓަރިއަކު މަޑެއް ނުކުރެއެވެ.
ހިއްރާ ނުކުމެގެން ދިއުމާއެކު ޒަލަފް އައިސް އެނދުމަތީ ފަތްޖަހާފައި އޮތް ހެދުން ނަގާ ފަތުރާލިއެވެ. އެއީ ރަޚަބްމެން އަޅާފައި ހުންނަ ކަހަލަ ބޮޑު ހެދުމެކެވެ. އެއްގޮތަކަށް ވެސް އެ ހެދުމެއް އޭނާއަކަށް ކަމަކު ނުދިޔައެވެ. ހެދުމާއެކު ދެން އޮތީ ހުދުކުލައިގެ ފޮތިގަނޑެކެވެ. އެއީ ކީއްކުރާ އެއްޗެއްކަމެއް ޒަލަފްއަކަށް ނޭނގުނެވެ. ފާޚާނާ ނޫނީ ގިފިއްޔެއް ހުރި ދިމާއެއް އޭނާ ހޯދަން ފެށިއެވެ. ހަމަގައިމު ވެސް އެ ކޮޓަރިއަކު އެ ފަދަ ތަނެއް ނެތެވެ. ކޮޓަރިން ނުކުމެ ދެ ފަރާތަކަށް ބަލާލާފައި ހިތު ލަފަޔަށް ހިނގައިގަތެވެ. ތިރިއަށް ދެވެން ހުރި ސިޑިއެއް ފެނުމުން ޒަލަފް އެ ދިމާއަށް ހިނގައިގަތެވެ. މީހަކު ނުފެނެއެވެ. ދެން އިވުނީ އަންހެންކުއްޖެއްގެ ލާނެތް ހީނލުމުގެ އަޑެވެ. އެއާއެކު ގިނައިރެއްނުވެ ހީނލުމުގެ އަޑުތައް ގިނަވާން ފެށިއެވެ.
“ކާކު؟” ޒަލަފް ފަހަތަށް އެނބުރި އަހާލިއެވެ. އެއާއެކު ވަގުތުން ހުނުމުގެ އަޑުތައް ކަނޑައިގެން ދިޔައެވެ.
“ޒަލަފް….” ސިޑީގެ ހަރުފަތްތަކުގެ އެންމެ ތިރީގައި ހުރި ރަޚަބް ގޮވާލިއެވެ.
“ތައްޔާރުވެސް ނުވެ ކޮންތާކަށް ތި ދަނީ” ޒަލަފް ބަލާލުމުން އަނެއްކާ ވެސް ވާހަކަދެއްކީ ރަޚަބްއެވެ.
“ފާޚާނާއެއް ނުފެނިގެން” ކޮޅުކޮޅު ހޯދަމުން ޒަލަފް ބުނެލިއެވެ. އޭނާއަށް އަންހެންކުދީންތަކެއް ޖެއްސުން ކުރަނީހެން ހީވެ ބުނަން ބޭނުންވާ ވާހަކަތައް ދުލުން ހާމަކުރަން ކޮންމެވެސް ވަރަކަށް ޖެހިލުންވިއެވެ. ރަޚަބް ހީނލާފައި ސިޑިން އަރައިގެން އައީ ވަރަށް ހަލުވިކޮށެވެ. ހަރުފަތްތައް ގިރާ ކުރަމުން އައި ހެނެއް ހިޔެއްނުވެއެވެ.
“ހިނގާ” ޒަލަފްގެ ކޮނޑުގައި ޖަހާލާފައި ރަޚަބް އޭނާ ގޮވައިގެން ހިނގައިގަތެވެ.
ވަޅުކޮޓަރިން ޒަލަފް ނުކުންނަން ދެން ރަޚަބް ދުރުގައި ހުއްޓެވެ. ހުރިހާ ކަމެއްކޮށް ނިމިގެން އިރުކޮޅަކު ހުރެފައި ރަޚަބްއަށް ޒަލަފް ގޮވާލިއެވެ. އެއާއެކު ފަޅި ސުކުންތެއްގެ ތެރޭގައި އޭނާ އައިސް ހުރީ ޒަލަފް ފެންނަ ހިސާބުގައެވެ.
“ގައިހިއްކާނޭ ތުވާޔެއްކަހަލަ އެއްޗެއް ބޭނުން”
“ހިއްރާ ގެންގޮސް ނުދޭތަ އެއްޗެހި” ރަޚަބް ސުވާލު އުފެދުނެވެ. އަދި ޒަލަފްއަށް އަނގައިން ނުބުނެވެނީސް ވިދުވަރެއްހެން ރަޚަބް ގޮސްފައި އަތުވެއްޖެއެވެ. އަދި ހުދުކުލައިގެ ފޮތިގަނޑެއް ފަދަ އެއްޗެއް ޒަލަފްއަށް ދިއްކޮށްލިއެވެ. އެއާއެކު އޭނާގެ ވިސްނުމަށް ހިއްރާ ގެނެސްދީފައި ހުރި ހެދުމާއި ދެން އޮތް ފޮތިގަނޑަކީ ކީއްކުރާ އެއްޗެއްކަން އެނގުނެވެ.
“އަހަރުމެން ލާ އުޅޭ ހެދުން ޒަލަފްއަށް އެހާ ކަމަކުނުދޭ ދޯ” ކުރިން ލައިގެން ހުރި ޓީޝާޓާއި ސޯޓުބުރި ލައިގެން ކުރިމައްޗަށް ވާގޮތަށް ކަރުގައި ތުވާލި އަޅުވާލައިގެން ވަޅުކޮޓަރިން ޒަލަފް ނުކުތުމުން ރަޚަބް ބުނެލިއެވެ.
“މި ކަހަލަ އެއްޗެހި ލާން އާދަވެފައި ހުރީމަ” ޒަލަފް މޫނަށް ގޮތެއް ހަދާލަމުން ބުންޏެވެ.
“ކާފައާއި މާމަގެ އިތުރުން ޢާއިލާގެ އެހެންމެންބަރުން އެބަތިބި ޒަލަފްއާ ބައްދަލުކުރަން ބޭނުންވެފައި، ތައްޔާރުވެލައިގެން އަވަހަށް ހިނގާ، އެންމެން ސައިކޮޓަރީގައި އެބަތިބި…”
ރަޚަބްއާއެކު ޒަލަފް އައިސް އޭނާ ހުންނަ ކޮޓަރިއަށް ވަދެ ދަބަހުން އޭނާއަށް ކަމުދާ ހެދުމެއް ލައިގެން ނުކުންނަން އުޅެނިކޮށް ހިއްރާ ގެނެސް މޭޒުމަތީ ބެހެއްޓި ތަށިމަތިން ހަނދާންވިއެވެ. އަދި އޭގެ ކައިރިއަށް އައިސް މަތި ނަގާ ތަށިނަގާ ބަލާލިއިރު ހުރީ ކިރުފާޑުގެ ދިޔާ އެއްޗެކެވެ. ވަސްބަލާލިއިރު ފާޑެއްގެ ވަހެއް ވެސް ހުއްޓެވެ. ނުބޯން ހުރެ ވެސް ތުނބުގައި ތަށިޖެހިއެވެ. އައުކަންތައްތައް އެ މީހުންގެ ތެރޭގައި އުޅޭއިރު ކުރަން ޖެހޭނެކަން ޒަލަފްއަށް އެނގޭތީ އޭނާ ވެސް އެކަންކަމަށް ފުރުޞަތުދޭން ބޭނުންވާ ކަހަލައެވެ. ތަށީގައި ހުރި އެއްޗެއް އަނގައިގައި ޖެހުމާއެކު ލީ މަޑު ފޮނި ރަހައެކެވެ. އޭގެ އިތުރުން ފޮނިތަށި ޒާތުގެ ރަހައެއް ވެސް އޭގައި ހުއްޓެވެ. ހަމަގައިމު ވެސް ނުބައެއް ނޫނެވެ. އެހެންވެ ތަށި އެއްކޮށް ބޮއެ ހުސްކޮށްލާފައި ތުންފުހެލައިގެން ޒަލަފް ނުކުމެއްޖެއެވެ. އޭރު ރަޚަބް ހިނިތުންވެލައިގެ ހުރި ގޮތުން ހީވަނީ ޒަލަފް ކޮށްފައި ނުކުން ކަމެއް އޭނާއަށް އެނގޭ ކަހަލައެވެ.
* * * *
“ކީއްކޮށްލާފައި ތި އަންނަނީ ހެމުން ހެމުން” ޔަލާގެ ކަންފަތުގައި ޖެހުނީ ސިތާރާގެ އަޑެވެ. މިއަދަކީ ޔަލާއާއި ސިތާރާއާ ދެ މީހުންނަށް ވެސް އޮފް ލިބުނު ދުވަހެކެވެ. ޔަލާއަށް ލިބުނު އޮފްގައި އެމަޖެންސީ ކޭސްއެއް އައިސްގެން ނުކުންނަން ޖެހުމުން އޭނާއަށް ރީހާން ވަނީ އޮފެއް ދީފައެވެ. ކޮންމެ ނިޔަތެއްގައި ރީހާން ކުރިކަމެއް ވިޔަސް ޔަލާ ހުރީ އޮފްއެއް ނުހަނު ބޭނުންވެފައި ކަމަށްވާތީ އޭނާ ރީހާންއަށް ޝުކުރުވެރިވެއެވެ.
“ލުހާ ގޭ ޖޯލީގައި އޮއްވައި ފޫކޮޅުގައި ރަތްހިނިތަކެއް ހަފައިގެން އެބައުޅޭ… މަންމަ ބުނީ ރާމިއްޒަތަ ގާތުގައި ރާހުތްކޮޅެއް ހުރިތޯ ބަލަން ދޭ ބަލާށޯ… އެހެންވެ މިއައީ” ޔަލާ ނިކަން މަޖާވެލާފައި ބުންޏެވެ. ސިތާރާ އަވަސްވެގަތީ ބަދިގޭގައި އުޅޭ އޭނާގެ މަންމަގެ ގާތަށް ދިއުމަށެވެ. އޭރު ޔަލާ ވެސް އޭނާއާއެކު ދަމުން ރަނގަޅު ކަމެއް މިއަދު ރާވަންވާނެއޭ ބުންޏެވެ.
ބަދިގޭގައި ހުރި ރާމިޒާ ގާތުގައި ވެސް ޔަލާ ހީނހީނފައި ލުހާއާށް ދިމާވެގެން އުޅޭ ކަންތައް ކިޔައިދިނެވެ. ސިތާރާ އުޅުނީ ގޮނޑިއަކަށް އަރައިގެން މަތީ ކަބަޑުގައި ހުރި ރާހުތްފުޅި ނަގާށެވެ. މެންދުރަށް ކަނޑުކުކުޅު ހަދަން ހުރި ރާމިޒާ ވެސް ޔާލާގެ ވާހަކައަށް ހީނލިއެވެ.
“މީ ވަރަށް ލާނެތްކުއްޖެއް… މެންދުރުކާން ސިތާރާ އަތަށް ދީފައި ރިހަ ބޯތަށްޓެއް ފޮނުވާނަން، މިއަދު މިގޭ ދަޔާންއަށް މީރު ކަނޑުކުކުޅު ރިހަ މި ހަދަނީ، ލުހާއަށް ވެސް ވަރަށް ކަމުދާނެ، ޔަލާވާނެ ރަހަބަލާފައި މީރުތޯ ބުނަން” ރިހަ ކެއްކުމުގައި އުޅެމުން ރާމިޒާ ވާހަކަދެއްކިއެވެ.
“ރަހަ ނުބެލިޔަސް ދުވާވަހުން މިހާރު ވެސް ހީވޭ ވަރަށް މީރުވާނެހެން” ޔަލާ އައިސް އުނދުން މަތީ ހުރި ތެއްޔަށް ބަލާލިއެވެ. އޭރު ކަބަޑުން ރާހުތްފުޅި ނަގައިން ސިތާރާ އަރާ ހުރި ގޮނޑިމަތިން ފައިބައިފިއެވެ. އޭނާ އައިސް ޔަލާގެ ކޮނޑުގައި ޖަހާލާފައި ދާން އެދުނެވެ. އަދި ޔަލާއާއެކު ބަދިގެ ފަރާތުން ނުކުންނަން ދަމުން ރާމިޒާގެ ގާތުގައި އޭނާ އެ ދަނީ ޔަލާއާއެކު އެ ގެއަށް ކަމަށް ބުނެލިއެވެ.
“އޭތް! އެބައޮތޭ ވާހަކައެއް އަހަންވެފައި…” ދޮރޯށިން ނުކުމެ ޔަލާމެންގޭ ދޮރޯށްޓާއި ދިމާއަށް ދިޔަ ސިތާރާ ބުނެލިއެވެ.
“ކޮންވާހަކައެއް” ޔަލާ އަހާލިއެވެ.
“ލުހާއާއި އަހަރުމެންގޭ ދަޔާންއާ އުޅެނީ ރައްޓެހިވެގެންތަ؟ މަށަށް އެހެން ހީވާތާ ދުވަސްކޮޅެއްވެއްޖެ… އެހެންވެ ޔަޤީންކޮށްލަން މި އަހާލީ… އިހަށް ރެއަކު ދޮރޯށި ދޮށުގައި އެ ދެ މީހުން ވާހަކަދައްކަން ތިއްބައި އަހަންނަށް ޑިއުޓީ ނިންމާފައި އާދެވުނީ” ޔާލާއާއެކު އޭނާގެ ގެއަށް ސިތާރާ ވަނެވެ. ޔަލާ އަތުން އިޝާރާތްކޮށްލި ގޮތުން ސިތާރާ ދައްކަމުން ދިޔަ ވާހަކަ އިހަށް ހުއްޓާލަންވީ ކަމުގައި އޭނާއަށް ހީވިއެވެ.
ސިޓިންރޫމުގައި މީހަކު ފެންނަން ނެތުމުން ޔަލާ އައިސް ލުހާގެ ކޮޓަރި ހުޅުވާލިއެވެ. އޭރު އައިސް ޕެކު އަޅަން ޞާބިރާ އެ ކޮޓަރީގައި ލުހާގެ ގާތުގައި އިނެވެ. ލުހާގެ ދެ ލޮލުން އޭނާ ރޮއެފައި ހުރިކަން ޔަލާއަށް ފެނުނެވެ. އެއާއެކު ލުހާއަށް ވަރަށް ބޮޑުވަރުވެއްޖެއޭ ޔަލާގެ ހިތް ބުނެލިއެވެ. އަވަހަށް ސިތާރާގެ އަތުގައި އޮތް ރާހުތްފުޅި އަތުލާފައި ބޭރުގައި މަޑުކޮށްލުމަށް ބުނެފައި އެތެރެއަށް ވަދެ ޞާބިރާގެ އަތަށް ރާހުތްފުޅި ދީފިއެވެ.
“މަންމާ، ލުހާއަށް އެހާ ބޮޑުވަރު ވަންޏާ އަހަންނަށް ފެންނަނީ ހޮސްޕިޓަލަށް ގެންދަން، ނޫނީ ބޭސްފިހާރަށް ގޮސް ތި ތަނުގައި އުނގުޅާނޭ ބޭހެއް ހިފައިގެން އަންނަންތަ؟”
“މި އުނގުޅާލީމާ ދިލަ ތިރިވާނެ، ވިހަކަނޑާލާނެ… މިހާރު ވެސް އައިސްއަޅާލީމާ ފިތްތައް ތިރިވެއްޖެ…” ޞާބިރާ ބުންޏެވެ.
“ދެން ވާގޮތެއް ބަލާފައި ބޭހެއް ހޯދާނީ ދޯ… އެކަމަކު އެ ޖޯއްޔަށް ހިނި އަރަންވީ ގޮތެއް އެއްގޮތަކަށް ނުވިސްނޭ” ޔަލާ ބުނެލިއެވެ.
“އެތާ ހަރުކޮނެފައި ހުއްޓާ މަންމައަށް ފެނުނު ހެނދުނު ގަސްތަކަށް ފެންދޭ އުޅުނު އިރު، އެގަޑީގައި ފަސް ވެސް އެޅިން، އެކަމަކު ޖޯއްޔަށް މަސް އަވީލީތަނާ އެއަށް އަނެއްކާ ހިނި އެރީ… ޖޯލި ސާފުނުކުރެވެނީސް ލުހާ ގޮސް އެ ތަނުގައި އެ އިށީނީ… ބަލާނުލާ އުޅުނީމައޭ މި ބޮނޑި މި އޮތީ ލިބިފައި…” ޞާބިރާ ވާހަކަދެއްކިއެވެ. އޭނާގެ އަތުގައި އޮތް އައިސްޕެކު ނަގާ އެއްފަރާތު ކަބަޑުމަތީ ބާއްވާލާފައި ރާހުތްފުޅިން އޭނާ ކުރަން އެ އުޅޭ ކަމެއް ކުރުމަށް އުޅުނެވެ. ޞާބިރާގެ ވާހަކައާއެކު ލުހާ އޭނާގެ މޫނު ބާލީސް ތެރޭ ފޮރުވާލިއެވެ. ޞާބިރާއާއި ލުހާއަށް ވަގުތު ދީފައި ޔަލާ އެ ކޮޓަރިން ނުކުތެވެ.
ޓީވީ ރިމޯޓު ހިފައިގެން ސޯފާގައި އިން ސިތާރާއަށް ޔަލާ ފެނުމުން ލުހާގެ ހާލާ މެދު ސުވާލުކުރިއެވެ. ޔަލާ އައިސް ސޯފާގައި އިށީންނަމުން ޞާބިރާ ފަރުވާއެއް ދެވޭތޯ އެބައުޅޭކަމުގައި ބުންޏެވެ. އަދި ލުހާ ހީވަނީ ވަރަށް ވޭނުގައި އުޅޭހެންކަމުގައި ވެސް ބުންޏެވެ.
“އޭތް! ދެން ބުނެބަލަ… މަ ކުރިން ބުނި ވާހަކައާ ގުޅޭގޮތުން ޔަލާއަށް އެނގޭނެ” ސިތާރާ ވާހަކަދެއްކީ ތަންކޮޅެއް ސިއްރުންނެވެ. އެއާއެކު ޔަލާ ހީނލާފައި ސިތާރާއަށް ބަލާލިއެވެ.
“ތި ހީވާ ގޮތަށް ތިކަންވެއްޖެ” ހިނިއައިސްފައި އިނދެ ޔަލާ ބުނެލިއެވެ.
“ނާ ހަމަތެދެއްތަ؟ ވަގު ދެ މީހުންނެއްނު އަޅެ… ވާނެ ފިސާރި ދިމާކޮށްލަން… އެކަމަކު މިވަގުތު ކިހިނެއް އެކަހަލަ ކަމެއް ކުރާނީ ވެސް، އެކުއްޖާ ފަކީރު އެ އޮތީ އޮތް ހާލު، މިއަދު އަހަރުމެން ކަމެއް ރޭވިޔަސް ލުހާ ވަރަށް ދެރަވާނެ އޭނާއަށް ނުދެވެންޏާ” ސިތާރާއަށް ނިކަން ފޯރިއަރާފައި އެކަން ހިނދިގެން ދިޔައީ ލުހާގެ ހާލު އެނގުމުންނެވެ.
“ދެން އެހެންވީރު ބުނެބަލަ… ރީހާންއާ މިހާރު ރައްޓެހިވީތަ؟ އަހަރެން މިހުންނަނީ ޔަލާ އެކަން ނުކޮށްގެން” ސިތާރާ އޭނާގެ ވާހަކަ މިފަހަރު އަމާޒުކުރީ ޔަލާއަށެވެ.
“ތީ ދެން ކޮންވާހަކައެއް… އަހަރެން ނޫޅެން އެކަން ކުރާކަށް… އެންމެނަށް އޭނާ ކަމުދިޔަޔަސް އަހަންނަށް އޭނާ ފެންނަނީ ހަމައެކަނި އަހަރެންގެ ބޮސްގެ ގޮތުގައި… މި ލުހާ ވެސް ހީވަނީ ރީހާން ފެނުނު ފަހުން މޮޔަވަގެން އުޅޭހެން” މޫތިނަށް ވައްތަރެއް ޖައްސަމުން ޔަލާ ވާހަކަދެއްކިއެވެ.
“ތިހެން ކިޔަކިޔާފައި ވެސް ވަރަށް ހީވޭ އެންމެފަހުން ޔަލާ ގުޅޭނީ ރީހާންއާ ހެން… ފޫހިވެގެން އުޅެއުޅެފައޭ ލޯބިވަނީ ވެސް” ސިތާރާ ދިމާކޮށްލިއެވެ.
“ތަޤުދީރުގައި ވާން އޮތް ގޮތަކަށް އެކަމެއް ވާނީ، އެހެނެއްކަމަކު އަހަރެން މަސައްކަތް މިކުރަނީ އަހަރެން ހިތް އެދޭ ގޮތަށް އަހަރެންގެ ދިރިއުޅުން ބައްޓަން ކުރެވޭތޯ… ސިތާރައްތަ ކޮން ދުވަހަކުންތަ ކަމެއް ކުރާނީ… ކާކަށްތަ ތި މަޑުކުރަނީކީ؟ އަނެއްކާ ޝިޔާރައްތަ…” ގަސްތުގައި ސިތާރާގެ ދޫބަންދުކޮށްލަން ޔަލާ ބޭނުންވިއެވެ.
“ފޫހި މީހާގަނޑެއް އެއީ” ތުންއަނބުރާލާފައި ސިތާރާ ބުނެލިއެވެ. އަދި ސަމާލުކަން ޓީވީއަށް ހުއްޓާލިއެވެ. އެތަން ފެނި އެތެރެއެތެރެއަށް ޔަލާ ހީނލިއެވެ.
* * * *
ހީނހީފައި ސިއްރުވާހަކަތައް ދައްކަން ބައިގަނޑު ގަނޑަށް އުޅޭ އަންހެންކުދިންނަށް ޒަލަފް ބަލަމުން ދިޔައީ ކަތިނަޒަރަކުންނެވެ. އެ ކުދީން އޭނާއަށް މަލާމާތް ކުރަނީކަމެއް ނޫނީ އޭނާއަކީ އެ މީހުންގެ ތެރެއަށް އަލަށް އައި މީހަކަށްވަތީ އެހެންވެ ބަލަނީ ކަމެއް ބުނާކަށް ނޭނގެއެވެ. ރަޚަބްގެ ޢާއިލާގެ އެކިއެކި މީހުން އޭނާއާ ވާހަކަދައްކައެވެ. ކޮންމެވެސް ބޮޑުބޭބެއަކާއި ބޮޑުދައިތައެކެވެ. ތިމާގެ ކުދީންނާއި އެ މީހުންގެ ދަރީންނެވެ. ރަޚަބްގެ ޢާއިލާއަކީ ޒަލަފް ހީވެސް ނުކުރާވަރުގެ ބޮޑު ޢާއިލާއެކެވެ. އެ ހުރިހާ އެންމެން އެއްފުރާޅެއްގެ ދަށުގައި އުޅެނީ ކިހިނެއްކަމާއި މެދު ޒަލަފް ވިސްނާ އެކަމާ އަޖައިބުވެއެވެ. ތިރި ފާރުބުރިއެއްގެ މަތީ އިށީނދެގެން ޒަލަފް އިންދާ މުހިންމު ކަމަކު މެލްފަސްއާއެކު ނުކުމެގެން ދިޔަ ރަޚަބް ގޭތެރޭގައި ހުއްޓާ ޒަލަފްއަށް ފެނުނެވެ. އޭނާ އައިގޮތަށް ޒަލަފްގެ ކޮނޑުގައި ޖަހާލާފައި ހެނދުނު ސައިބުއި ފަހުން އެއްޗެއް ކައިފިންތޯ އަހާލިއެވެ.
“ބަނޑުހައެއްނުވޭ” ޒަލަފް މަޑުމަޑުން ބުނެލިއެވެ.
“ތިހާ ނުކެރެފައި ޒަލަފް ނުހުރެ ނިކަން މިއުޅޭ ކުދީންނާ ވާހަކަދައްކާލާ އެ މީހުންގެ ކުޅިވަރުތަކުގައި ބައިވެރިވެލަބަލަ… އޭރުން ޒަލަފްއަށް ވެސް ކަންކަން ދަސްވާނެ… މާމަ ކޮބާތަ؟ މާމަ ގާތަށް ދިޔައީމަ ވަރަށް ކަންކަން އޮޅުން ފިލާނެ… ޒަލަފް ސުވާލުކުރި ކޮންމެ ކަމެއް މާމަ ކިޔައިދޭނެ… ކަންކަން ދަސްކުރަން އެންމެ ރަނގަޅުވާނީ މާމަ ގާތުން” ދަރިފުޅުގެ ކޮނޑުގައި އަތްބާއްވާލައިގެން ހުރެ ރަޚަބް ބުންޏެވެ. އޭރު އޭނާގެ ގާތުގައި މެލްފަސް ހުއްޓެވެ.
“މިއުޅޭ ކުދީން ނިކަން ކަންތައް ހުންނާނެ… ޒަލަފް ޓެސްޓުކުރާން ވެސް އެ މީހުން ލޭނެތްކަންކަން ކޮށްލަފާނެ، އެހެންވީމަ ތިހެން އިނދެގެން އެއްގޮތަކަށް ވެސް ކަމަކު ނުދާނެ… މެންދުރުގެ ކެއުމަށް އަންނާނެހާ ވަގުތު އަދި އެބައޮތް… ހިނގާ ކޮންމެވެސް ކަމެއް ކުރަމާ” މެލްފަސް ބުނެލިއެވެ.
“އަހަރެން އަންނާނަން ބައްޕައާ ބައްދަލުކޮށްފައި” ރަޚަބް މިހެން ބުނެ އެތެރެއަށް ގޮސް ވަދެއްޖެއެވެ.
މެލްފަސް އިށީނީ ޒަލަފްގެ ގާތުގައި އޭނާ އިށީނދެގެން އިން ފާރުބުރި މަތީއެވެ. ޒަލަފް ކުރާހިތްވާ ކަންކަމާ ބެހޭގޮތުން މެލްފަސް ސުވާލުކުރިއެވެ. މަޑުމަޑުން އިނދެ ޒަލަފް އޭނާ ކުރާ ކަންތައްތައް މެލްފަސްއަށް ކިޔައިދިނެވެ. ކުރެހުމާއި މަސް ގެންގުޅުމަކީ އޭނާ މިހާތަނަށް ކުރަމުން އައި ދެކަންތަކެވެ. ދުނިޔެ ރަނގަޅަށް ބަލާލުމުގެ ފުރުޞަތު ނުލިބި ހުރި ޒުވާނެއްކަމުން މާގިނަ ކަންކަން ކުރާކަށް ޒަލަފްއަކަށް ދަހެއްނުވެއެވެ. މީހުންގެ ގޮތް ދެނެގަންނާކަށް ވެސް އޭނާއަށް ފަސޭހައެއްނޫނެވެ. މެލްފަސްއާ ދެ މީހުން ވާހަކަދައްކަމުން ދިޔަ ވަރަކަށް މެލްފަސްގެ ފަރާތުން ޒަލަފްއަށް ކަންކަން އޮޅުން ފިލަމުންދިޔައެވެ. ބާރުގަދަ ވުމަކީ އެ މީހުންގެ ތެރޭގައި އިޚްތިރާމު ލިބޭ ކަމެކެވެ. ހުރިހާ އެންމެންނަށް ހުރިހާ ޢިލްމެއް ދަސްކުރުމުގެ ހުއްދައެއް އެ މީހުންގެ ތެރެއަކު ނޯވެއެވެ. ރަސް ޢާއިލާގެ ތެރޭގައި ނޫނީ އެފަދަ ކަންކަމަށް ހުއްދައެއް ނޯންނާނެއެވެ. މެލްފަސްއަކީ ރަޚަބް ބައްޕަ އެންމެ ލޯބިވާ ދެބެންގެ ދެދަރި އަންހެންކޮއްކޮގެ ދަރިއެކެވެ. އޭނާ ވެސް އުޅެ ބޮޑުވީ ރަޚަބްމެންނާއެކު އެގޭ ތެރޭގައެވެ. ބެހެމަތް ނޫން ދަރިއަކު މެލަފަސްގެ ނުހުރެއެވެ. އެކަމަކު އޭނާ ދަރިއެއްހެން ބަލާ ކުދީންތަކެއް ތިބޭކަން ވެސް މެލްފަސްގެ ވާހަކައިން ޒަލަފްއަށް އެނގުނެވެ. ރަޚަބްއަށް އެކި ގޮތްގޮތުން މެލްފަސް ތަޢުރީފުކުރިއެވެ. އެހެންނަމަވެސް އޭނާގެ ވާހަކަ ހުރި ގޮތުން އޭނާ ވެސް ތާޢިދު ކުރިކަމަކަށް ރަޚަބްއާއި އަރީޝާގެ ގުޅުން ނުވެއެވެ. މުޅި ޢާއިލާ ނުރައްކަލުގެ ތެރެއަށް ވައްޓާލުން ފަދަ ކަމެއްކަމުގައި އެ ފަދަ ޢަމަލުތައް މެލްފަސް ދުށްޓެވެ. އޭނާ މިމޭރުމުން ޒަލަފްއަށް ވިސްނައިދޭން އުޅޭ ކަހަލައެވެ. ބެހެމަތްއާއި ޒަލަފްގެ ގާތްކަން މެލްފަސްއަށް އެނގޭކަމުގައި ބުނިއިރު އޭނާ އެ މާނަކުރަނީ ކޮންގޮތަކަށް ބާއޭ ޒަލަފްގެ ހިތަށް އެރިއެވެ. އޭނާގެ ތުންފަތުގައިވާ ހިނިތުންވުން ޔަޤީނުން ވެސް ޒަލަފްއަށް އުނދަގޫ ކުރިއެވެ. ނަމަވެސް މެލްފަސްގެ ކުރިމަތީގައި އަދަބު އިޚްތިރާމު ކުޑަވެދާނޭ ޢަމަލެއް ނުހިންގުމަށް ޒަލަފް އިނީ ސަމާލުވެއެވެ.
“ކޮބާ… ކުރާނެ ކަމަކާ މެދު ގޮތެއް ނިންމިއްޖެތަ” ގޭތެރެއިން ނުކުމެގެން އައި ރަޚަބް އަހާލިއެވެ.
“އަހަރުމެންގެ އާދަކާދައާއި ސަޤާފަތް ޒަލަފްއަށް އެނގުން ވަރަށް މުހިންމުވާނެ، ކިހިނެއްވާނީ ރަށުގައި އުޅޭ އަހަރުމެންގެ ޤަބީލާތަކާއި ބައްދަލުކޮށްލުން… ޚަބަރު އޮޅުން ފިލުވަން ރަށުގެ އެކިކޮޅުކޮޅުން އެބައާދެއެއްނު…” ފާރުބުރިމަތިން ފައިބަމުން މެލްފަސް ބުންޏެވެ. އޭނާގެ ޚިޔާލު ރަޚަބްއަށް ކަމުދިޔައެވެ. އެ މީހުންގެ ކޮންމެ ނިންމުމަކަށް ބޯލަނބަން ޒަލަފް ހުރީ ތައްޔާރަށެވެ.
ޒަލަފްއަށް ދަސްވި ފުރަމަތަ ފިލާވަޅަކަށްވީ އަވަސްބާރުމިނުގައި ދަތުރުކުރާނޭ ގޮތެވެ. ޤުދުރަތުން އެ ބައިމީހުންނަށް ދެއްވައިފައިވާ އަޖައިބު ކުރުވަނިވި ބާރެއްކަމުގައި ވެއެވެ. ރަޚަބްއާއި މެލްފަސްއާ ދެ މީހުން ވެގެން ޒަލަފްއަށް އާދައިގެ ކަންކަން ދަސްކޮށްދިނެވެ. ބާރުދުވެލީގައި ދަތުރުކުރާނޭ ގޮތާއި ނުފެނި ހުރެ ކަންކަން ބަލާނޭ ގޮތާއި ބައެއްކަހަލަ ފަތްޕިލާވެލީގެ ބާވަތް ދެނެގަންނާނެ ގޮތާއި ބައެއްކަންކަން ކޮންޓްރޯލު ކުރާނޭ ފަދަ ކަންކަމެވެ. އެހެންނަމަވެސް މިއިން އެއްވެސް ކަމެއް ރަނގަޅަކަށް ޒަލަފްއަކަށް ނޭނގުނެވެ. ނުފެނި ފޮރުވިގެން ހުރެވުނީ މަދު ވަގުތުކޮޅަކުއެވެ. ދެން އުޅެއުޅެ ވެސް އެހެން މީހުންގެ ލޯމަތިން ގެއްލޭ ގޮތެއް ނުވިއެވެ. އެހާ ފަސޭހައިން ރަޚަބްއާއި މެލްފަސް ކަންކަން ކުރަމުން ދިޔައިރު ޒަލަފްއަށް ވީ ވަރަށް އުނދަގޫ ކަންކަންކަމުގައެވެ. ނަމަވެސް އެ މީހުންގެ އެހީގައި ދަތުރުކުރިއެވެ. ރަށުގެ އެކި ހިސާބުގައި ބައިގަނޑު ގަނޑަށް އުޅޭ މީހުން ޒަލަފް ދުށްޓެވެ.
“އަހަރުމެންނަކީ ވަޒަންވެރިވާ ރަށެއްގައި ދިރިއުޅޭ ޖިންނީން، އެކަމަކު އުޅޭނެ ދެ ވަރަލާފައި އުދުހިފައި އުޅޭ ބައެއް، މޫދުގައި އުޅޭބައެއް، ހަމަ އެގޮތަށް ތަންތަނަށް ދަތުރުކުރާ ބަޔަކު ވެސް އުޅޭ، އެއްވެސް ބަޔަކު އަނެއްބަޔަކު ކުރާ ކަމަކާ ނުބެހޭނެ… އެކަމަކު އެހީއަކަށް އެދިއްޖެނަމަ އަހަރުމެން ވެސް އެހީވަން” އެނބުރި ރަޚަބްމެން ދިރިއުޅޭ ހިސާބަށް އައިސް އޭނާ ޒަލަފްއަށް ބުނެލިއެވެ.
ހަވީރު ޒަލަފް ގޮވައިގެން ރަޚަބްއައީ އޭނާގެ ބައްޕަ ގާތަށެވެ. ޒަލަފްގެ މައްސަލައެއް ހުރިތޯ ބެލުމަށެވެ. އެ މީހުންނަކީ ހަނދާންގަދަ ބައެކެވެ. ކަންކަން ފަސޭހައިން ދަސްކުރެވޭ ބައެކެވެ. އެހެންނަމަވެސް ޒަލަފްއަށް އެމީހުންގެ ކަންކަން ކުރުމުގައި އުނދަގޫތަކެއް ހުރިކަމަށް ރަޚަބްއަށް ފެންނާތީ އެއީ ކިހިނެއްވެގެން ވާކަމެއްތޯ ބަލަން އޭނާ ބޭނުންވެއެވެ. ޒަރަސްއަކީ އެތައް ހާސް އަހަރެއްވެފައިވާ ޖިންނިއެކެވެ. އޭނާގެ ތަޖުރީބާއާ ގާތް ކުރެވޭނެވަރުގެ ޖިންނިއެއް އެ މީހުންގެ ތެރެއަކު ނެތެވެ.
“އޭނާ އަދިވެސް ޤަބޫލުނުކުރަނީ އޭނާއަކީ ޖިންނިއެއްކަން… އޭނާގެ ސިކުނޑީގައި އެއްވެސް މައްސަލައެއްނެތް، ޖިންނިއެއްކަން ޤަބޫލުނުކޮށް ކިހިނެއް އަހަރުމެން ކުރާ ކަންކަން ދަސްކުރާނީ… އިންސާނުންގެ ނުފޫޒު އޭނާގެ މައްޗަށް އަދިވެސްވަނީ” ޒަރަސް ހީނލާފައި ބުނެލިއެވެ.
ޒަލަފްގެ މައްސަލައެއް ހުރި ކަމުގައި ޒަރަސްއަކަށް ނުފެނެއެވެ. ނަމަވެސް އޭނާއަށް އެހެންކަމެއް ފާހަގަކުރެވުނެވެ. އޭނާ ރަޚަބްއާއި ގިނިކަންޏާ ބައްދަލުކުރިއެވެ. ޒަލަފް އެމީހުންގެ ތެރޭގައި އުޅޭން ޒަރަސް ނުހަނު އެދެއެވެ.
“ރަޚަބް… ކަލޭގެ އެ ދަރިފުޅަކީ ބާރުގަދަ ދަރިއެއް… އޭނާ އަހަރުމެންގެ ކަންކަން ދަސްކުރަން ފަށައިފިނަމަ ކަލެއަށްވުރެ ވެސް އަވަހަށް އޭނާ ދަސްކުރާނެ، އަހަރެންގެ ހިތް ބުނޭ ކަލެއާއި މެލްފަސްއާ އެއްފަހަރާ ހަނގުރާމަ ކުރާނެހާ ކުޅަދާނަ އޭނާ ވާނެއޭ… އަހަރެން ބޭނުން އޭނާ އަހަރުމެންގެ ތެރޭގައި ދިރިއުޅެން… އޭނާއަށް މިހާރުއްސުރެ ވިސްނާދޭން ފަށާ… އަހަރުމެންގެ ދިރިއުޅުމަށް ރަނގަޅަށް އޭނާ ހާނާ… އޭނާގެ ސިކުނޑި އަހަރުމެންގެ ދުނިޔެއަށް ހުޅުވާ… އިންސާނުންގެ ޚިޔާލުތަކާ އޭނާ ދުރުކުރޭ… އެކަމަކު އޭނާއަށް އެއްފަހަރު ވެސް ހީވެގެން ނުވާނެ އަހަރުމެން އުޅެނީ އޭނާ އަހަރުމެންގެ ތެރޭގައި ބަހައްޓާށޭ… އަހަރެންގެ އެއްވެސް ކާފަދަރިއަކާ ޒަލަފްއާ އަޅާ ނުކިޔޭނެ… އަހަރެން ވެސް އަޖައިބުވެއްޖެ…” ދެ އަތް ފުރަގަހަށް ލައިގެން ދެކޮޅަށް ހިނގަހިނގާ ހުރެފައި އޭނާ ހުއްޓި ރަޚަބްގެ ކޮނޑުގައި ވައަތް ބާއްވާލިއެވެ.
“އަޅުގަނޑަށް ވެސް ފާހަގަކުރެވޭ ޒަލަފްގެ އާދަޔާ ޚިލާފު ގޮތެއް ހުންނަކަން… އޭނާ އެހެން ހުރެފައި ބައެއް ކަންކަން ކޮށްލާއިރު ޚުދު އޭނާއަށް ވެސް ނޭނގޭ އޭނާއަށް ލިބިފައިވާ ބާރެއް… ބައްޕަ ތި ބުނުއްވިހެން ޒަލަފް ގެންގުޅެން ޖެހޭނީ ވަރަށް ބަލައިގެން… އޭނާއަށް ކަންކަން ދަސްކޮށްދިނުމަށް އަޅުގަނޑާއި މެލްފަސް ހަވާލުވަން” ރަޚަބް ބުނެލިއެވެ.
“އަހަރެންގެ ގާތަށް ކޮންމެދުވަހަކު އޭނާ ފޮނުވާތި، އަހަރެން އޭނާއަށް ޢިލްމު އުނގަންނައިދޭނަން… އޭނާގެ ސިކުނޑި އެންމެ ފުރިހަމަ ގޮތުގައި ހުޅުވޭނީ އޭރުން” ޒަރަސް ބުންޏެވެ.
ރޭގަނޑުގެ ވަގުތެވެ. ގޭތެރޭގައި ހުރި ނިކަގަސް ދޮށުގައި ކުނާ އަޅައިގެން ފިރިހެނުންގެ ގުރޫޕެއް ތިއްބެވެ. ބެރުޖެހުމާއި ލަވަކިޔުން އެ މީހުންގެ ތެރޭގައި އޮތެވެ. އޭރު ގޭގެ ބޮޑު ދޮރު ހުޅުވާލާފައި ހުރީ ބޭރުގައި ދިރިއުޅޭ މީހުންނަށް ވަދެވޭގޮތަށެވެ. ގޯތިތެރޭގެ ހުސްބިން އެކީހެން ކުޅިބަލަން އައިސްތިބި މީހުންނާއިގެން ފުރިފައެވެ. ބެރުޖަހާ އެ މީހުން ކިޔަމުންދާ ލަވަތަކަކީ މީގެ ކުރިން ޒަލަފް އަޑުއަހާފައިވާ ކަހަލަ ލަވަތަކެއްނޫނެވެ. އަދި އެ މީހުން އެ ކިޔާ އެއްޗެއް ވެސް ޒަލަފްއަކަށް ނޭނގެއެވެ. ޒުވާން އަންހެންކުދިން ނަށަން އަރާ ފަރި ހަރަކާތްތައް ދައްކާލާފައި ހެމުންހެމުން ފައިބައެވެ. މި ކުޅިވަރު ބަލަން ޒަލަފް އިނީ އެހާ ގަޔާވެފައެއް ނޫނެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުންދަނީ އެހެން ޚިޔާލުތަކެކެވެ. އެ ތަނުން ފެންނަ ޖިންސުއްލަޠީފުންގެ ބަދަލުގައި ޒަލަފްގެ ލޮލާއި ހިތަށް މިވަގުތު ސިފަވަނީ ހަމަ އެންމެ ސޫރައެކެވެ. މަޑުމަޑުން އިންތަނުން ތެދުވެގެން ހިނގައިގަންނަން އުޅުނު ވަގުތު މީހަކު އޭނާގެ އަތުގައި ހިފިއެވެ. ސިހިފައި ބަލާލެވުނީ އެވަރުގެ ކަމެއް ކުރަން ކެރުނީ ކާކަށްބާއޭ ހިތަށް އަރާފައެވެ.
“ބެހެމަތް…” ޒަލަފްގެ އަތުގައި ހިފަހައްޓާލައިގެން ހުރި ބެހެމަތް ފެނި ޒަލަފްއަށް ބުނެލެވުނެވެ.
“ކޮންތާކަށް ދާން ތިދަނީ؟ މިއަދު ހަތަރުދަމު ޒަލަފް އުޅުނީ ބައްޕަމެންނާއެކު… އަހަރެން މިއައީ ޒަލަފްއާއެކު ވަގުތުކޮޅެއް ހޭދަކޮށްލަން” ބެހެމަތް ބުންޏެވެ. ހަމައެހިނދު ޒަލަފްގެ ނަޒަރު އޭނާގެ އަތަށް ހުއްޓިލާފައި ބެހެމަތްއަށް އަމާޒުކޮށްލި ގޮތުން އަވަސްއަވަހަށް ބެހެމަތް އޭނާގެ އަތް ދުރަށް ގެންދިޔައެވެ.
“އަހަރެން އެކަނިވެލަން ބޭނުންވަނީ…” ޒަލަފް މިހެން ބުނުމުން ބެހެމަތް ތުންފިއްތާލިއެވެ. އެހެންނަމަވެސް އެކަމަށް ޒަލަފް ސަމާލުކަމެއް ނުދިނެވެ.
“ރަޚަބްބޭބެގެ ހުއްދައާއި ނުލާ ބޭރަށް ދިއުން އެއީ ރަނގަޅުކަމެއްނޫން” ބެހެމަތްއަށް ފައުޅުގައި ޒަލަފް ހުއްޓުވާކަށް ނުކެރުނެވެ. އޭނާ ޒަލަފްއަށް ބަލަން ހުއްޓާ ޒަލަފް ހިނގައިގަތީ ރަޚަބްމެން ތިބި ތަނަށެވެ. އޭނާ ގޮސް ރަޚަބްގެ ކަންފަތް ކައިރީ އެއްޗެއް ބުނުމުން އޭނާ ބޯޖަހާލިއެވެ. ދެން ފެނުނީ އެ ގެއިން ޒަލަފް ނުކުންނަން ދިޔަތަނެވެ. ބެހެމަތް ސިއްރުން ޒަލަފްގެ ފަސްފަހަތުން ދިޔައެވެ. ޒަލަފް ކުރާކަމެއް ބަލާށެވެ.
ފެނިގެއްލިދާ މީހުންނަށް ނަޒަރު ހުއްޓާލައިގެން އިރުކޮޅަކު ޒަލަފް ހުއްޓެވެ. އެމީހުން ޒަލަފްގެ ހަރަކާތްތަކަށް ސަމާލުކަމެއް ނުދެއެވެ. އެހެންވެ ދެފަރާތަށް ހޯދާލާ ފަދަ ގޮތަކަށް ބަލާލާފައި ކުރިއަށް ހިނގައިގަތެވެ. އޭރު އޭނާއަށް ބަލަން ބެހެމަތް ހުރިކަމެއް ނުދެނަހުއްޓެވެ. ވަކި ހިސާބަކަށް ޒަލަފްއަށް ދެވުމާއެކު ޖީބުގައި އޮތް ފޯނު ނެގިއެވެ. އެއަށް ބަލަހައްޓައިގެން ހުރި ގޮތުން ހީވީ ދެފިކުރެއްގައި ހުރި ހެންނެވެ. ނިތުގައި ވައަތްތިލަ ހާކާލުމާއެކު ނުކުމެވެން އޮތް މަގެއް ފެންނަން އޮތްތޯ އޭނާ ހޯދަން ފެށިއެވެ. ނަމަވެސް ވަށައިގެން ފެންނަމުން ދިޔައީ ބޯގަސްތަކެވެ. ކުއްލިއަކަށް ޒަލަފްގެ ހަނދާނަށް އައީ މެލްފަސްގެ ވާހަކަތަކެވެ. އެމީހުންނަކީ ދަތުރުކުރުމަށް މަގުމަގު ބޭނުންވާ ބައެއް ނޫންކެވެ. ރަޚަބްއާއި މެލްފަސްއާ ދެ މީހުންވެގެން ޒަލަފްއަށް ދަސްކޮށްދޭން އުޅުނު އުކުޅުތައް މަތީން ހަނދާންވީ ވެސް ދެނެވެ. ކުޑަހިތްވަރެއް ލާފައި ޒަލަފް މަސައްކަތް ފެށިއެވެ. މީހަކަށް ފެނިދާނޭތީ އޭނާ ވަނީ ގަހެއްގެ ނިވަލަށެވެ. އަދި ދެ ލޯ މަރާލައިގެން ހުރިއިރު އޭނާގެ ސިކުނޑީގައި ދާން ބޭނުންވާ މަންޒަރު ކުރެހިފައިވެއެވެ. ކެތްތެރިކަން ކުޑަވެފައިވާ ހިތް އެދިއެދި އޮތީ އެންމެ ކަމަކަށެވެ.
ނޭނގިހުއްޓާ ޒަލަފްގެ ނޭފަތުގައި ޖެހުނީ މުޅިން ތަފާތު ވަހެކެވެ. އެހިނދު އަވަހަށް ލޯ ހުޅުވާ ބަލާލެވުނީ ވީގޮތެއް ދެނެގަތުމަށެވެ. ދެ ލޯ ބޮޑުވެ ހައިރާންކަން އަމިއްލަ ނަފްސަށް ލިބިގެން ދިޔައީ ޒަލަފްއަށް ހުރެވުނީ ކޮންތާކުކަން އެނގުނީމައެވެ. ކުރިއަށް ފިޔަވަޅެއް އަޅާލުމުގެ ބަދަލުގައި ޒަލަފް ބަލާލީ ފެންނަން ހުރި ގެއަށެވެ. އޭނާއަށް މިވަގުތު އެ ހުރެވުނީ ޔަލާ އުޅޭ ގޭގެ ކުރިމަތީ މަގު މެދުގައެވެ. މަދު ސުކުންތުކޮޅެއްގެ ތެރޭ ޒަލަފްގެ ތުންފަތަށް ހިނިތުންވުން ވެރިވެގެން ހިނގައްޖެއެވެ. މަގުގެ ދެކޮޅު ބަލާލުމަށްފަހު ދޮރޯށި ކައިރިއަށް ޖެހިލިއެވެ.
ބާލީސް ކައިރީ އޮތް ފޯނު ވައިބްރޭޓުވާ ހިލަމަށް ނިދިފައި އޮތް ޔަލާ ލޯ ހުޅުވާ ބޯހިތްލާލިއެވެ. އަދި ނިދީގައި ހުރެ ފޯނު ނަގާ ބަލާލީ ލޯ ހިމަކޮށްލައިގެން އޮވެއެވެ. އެހިނދު ޔަލާގެ މުޅި ނަފްސު ހޭލައްވާލީ ފޯނުގެ އިސްކުރީނުގައިވާ ޒަލަފްގެ ނަމުންނެވެ. ފޯނު ނަގާ ކަންފަތުގައި ޖަހާލުމާއެކު ޔަލާ ކޯލަށް ޖަވާބުދިނެވެ.
“އަހަރެން މިހިރީ ޔަލާއާ ބައްދަލުކުރަން އައިހޭ ބުނެފިއްޔާ ޤަބޫލުކުރާނަންތަ؟” ޒަލަފްގެ ޖާދޫއެއް ފަދަ އަޑު ޖެހުމާއެކު ވެސް ޔަލާގެ ހިތް އަވަސްވާގޮތް ވެއްޖެއެވެ.
“އެކަމަކު… މިގަޑީގަތަ… ބާރަޖައިފިއެއްނު…” ކަންފަތާ ދުރުކޮށްލި ފޯނުން ގަނޑި ބަލާލަފައި ޔަލާ އަނެއްކާ ވެސް ޒަލަފްއާ ވާހަކަދެއްކިއެވެ.
“އަހަރެން މިއައީ ޔަލާ ދުށުމަށް… މި ވަގުތު ކަމަކު ނުދާނެތަ؟ އަހަރެން މިހިރީ ދޮރޯށި ދޮށުގައި…” ޒަލަފް ބުނެލިއެވެ. އޭނާއަށް ވެސް ކުރިން ވިސްނާނުލެވުނީ ގަޑިން ވީއިރަކާއި މެދުއެވެ. އެހެންނަމަވެސް އާދެވުނު ފަހަރު ޔަލާ ފެނިނުލާ އެނބުރި ދާން ޒަލަފްގެ ހިތެއް ނޭދެއެވެ.
“ޔަލާއަށް ނުކުމެވެން ނެތިއްޔާ ދެން އަހަރެން ދަނީ…” މާޔޫސްވެފައި ހުރި ރާގެއްގައި ޒަލަފް މިހެން ބުނެލީ ޔަލާގެ ފަރާތުން އެއްވެސް ޖަވާބެއް ނައުމުންނެވެ.
“ނޫން! ނޫން! އަހަރެން މި ނުކުންނަނީ… ކުޑަ ވަގުތުކޮޅެއް ދީ” ޒަލަފްގެ ވާހަކަ ނިމުނުތަނާހެން ޔަލާ އަވަސް އަރުވާލާފައި ބުންޏެވެ.
ދޮރޯށި ދޮށުގައި މަޑުކޮށްލައިގެން ޒަލަފް ހުރީ ޔަލާ ނުކުންނާނެ އިރެއްގެ ފޮނި އިންތިޒާރުގައެވެ. އެހެން ހުރިއިރު ފަޅުވެފައިވާ އެ މަގުގައި މީހަކު އޭނާއަށް ބަލަން ހުރި ފަދަ އިހުސާސެއް ކުރެވިގެން ދިޔައެވެ. އެއާއެކު ޒަލަފްގެ ހިއްސުތައް ސަމާލުކަމަށް އަތުވެއްޖެއެވެ. މަގަށް ތަންކޮޅެއް ބޮޑަށް ނުކުމެ މަގުގެ ދެ ކޮޅަށް ނިކަން ރަނގަޅަށް ބަލާލިއެވެ. އެހެންނަމަވެސް އޭނާއަކަށް މީހެއް ނުފެނުނެވެ. އެހެންނަމަވެސް އެ ކުރެވޭ އިހުސާސްއެއް ފިލައިގެން ނުދިޔައެވެ. އެހެން ހުއްޓާ ދޮރޯށީގެ ތަޅު ހުޅުވާ އަޑު ޒަލަފްއަށް އިވުނެވެ. ވަށައިގެންވާ ހުރިހާ ކަމެއް ވަރިހަމަވެގެން ދިޔަ ކަހަލައެވެ. އަވަސްވެވުނީ ދޮރޯށި ހުޅުވާލަންވާއިރަށް ދޮރު ކައިރީ ހުރުމަށެވެ.
ޒަލަފްގެ ފަހަތުން ފާހަރަލަމުން ދިޔަ ބެހެމަތްއަށް ކުއްލިއަކަށް ޒަލަފް ގެއްލުނީއެވެ. އޭނާއަށް ޒަލަފް ދިޔަ ތަނެއް ނޭނގުނެވެ. އެހެންނަމަވެސް ހިތާއި ސިކުނޑި އެއަށްވުރެ މާ ހުށިޔާރެވެ. ބެހެމަތްގެ ސިކުނޑި ބުނީ ޒަލަފް އެ ދިޔައީ އޭނާގެ މަންމަމެން ގާތަށް ނޫނީ އެ އިންސިއާ ބައްދަލުކުރާން ކަމުގައެވެ. އަވަސްއަރުވާލާފައި ބެހެމަތް ބެލީ ޒަލަފްގެ މަންމަމެން އުޅޭ ގެ ހުރި ހިސާބަށް ދިއުމަށެވެ. އެހެންނަމަވެސް އެ ތަނަށް ދެވުމާއެކު ވެރިވެފައިވާ ހަމަހިމޭންކަން ބެހެމަތްއަށް ހުރިހާ ކަމެއް އޮޅުންފިލުވައި ދިނެވެ. ހިތަށް އުނދަގޫތަކެއް އެ ވަގުތު ވެގެން ދިޔަކަން ބެހެމަތްއަށް އިހްސާސް ކުރެވުނެވެ. ތުންފިއްތާލުމާއި ދެބުމަ ކައިރިކޮށްލެވުނެވެ. ބެހެމަތް ދެން ފައުޅުވީ ޔަލާ އުޅޭ ގެ ހުންނަ މަގަށެވެ. ހަމަ އެވަގުތު އެގޭ ދޮރޯށި ދޮށުގައި ހުރި ޒަލަފް ބެހެމްތައަށް ފެނިއްޖެއެވެ. ކަންފަތުގައި ފޯނު ޖައްސާލައިގެން ހިނިތުންވެލައިގެން ހުރެ ވާހަކަދައްކަމުން ދިޔައިރު އޭނާގެ ހަރަކާތްތައް ހުރި ގޮތް ބެހެމަތްއަށް ރަނގަޅަށް ވެސް ފެންނަމުން ދިޔައެވެ. ނަމަވެސް އޭނާ އެތަނުގައި ހުރިކަމެއް އެއްވެސް މީހަކަށް ނޭނގޭނޭހެން ވަންހަނާވެލައިގެން ހުރި އިރު ވެސް ޒަލަފްއަށް އެކަން ފާހަގަކުރެވުނީތީ ޖެހިލުންވާ ގޮތްވިއެވެ. ދުރުގައި ހުރި ނަމަވެސް އެއަށްވުރެ ދުރަށް ޖެހިލަން ބެހެމަތް ގަސްދުކުރީ އެހެންވެއެވެ. ނަސީބަކުން ދޮރޯށި ހުޅުވާލުމާއެކު މަގަށް ނުކުމެ ހުރި ޒަލަފް އެ ދިމާއަށް ހިނގައްޖެއެވެ. ދެން ވެސް ބެހެމަތް އެ ތަނުން ދާކަށް ބޭނުމެއްނުވިއެވެ. އޭނާގެ ތޫނު ނަޒަރު ހުއްޓުނީ ދޮރޯށި ހުޅުވާލާފައި ބޯދިއްކޮށްލި ޔަލާއަށެވެ. ދެ މީހުން ގިނަ އިރަކު ވާހަކަދައްކާކަށް ދޮރުމަތީ ނުތިއްބެވެ. ޒަލަފް ޔަލާއާއެކު އެގޭތެރެއަށް ވަނީއެވެ.
ގޭގެ ބިއްދޮށް ފަރާތުގައި ހުރި ދަގަނޑު ލެއްޕޭ ގޮނޑި ހުޅުވާލާފައި ޒަލަފް އިށީނުމަށް ޔަލާ ދެއްކިއެވެ. އަދި އޭނާގެ ގާތުގައި އެ ތަނުގައި ހުރި ބާލިދީއެއް ނުފުށުން ޖަހާލުމަށްފަހު ޒަލަފްއާ ކުރިމަތި ވާނާހެން ބަހައްޓައި އޭގައި ޔަލާ އިށީނެވެ. އިރުކޮޅަކު އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިއްބެވެ. ފަށާނެ ވާހަކައެއް ނޭނގިފައި ކަހަލައެވެ. އެހެން ތިބެފައި ޒަލަފް ފެނުނީ ޔަލާގެ އަތްތިލާގައި ހިފާ އުފުލާލުމާއެކު އޭނާއާ ދިމާއަށް ދަމާލަމުން ޔަލާގެ އަތްތިލަ އަމިއްލަ އަތުގެ ތެރޭ ފޮރުވާލިތަނެވެ.
“ޔަލާއަށް އަހަރެން ކަމުދޭތަ؟” ޒަލަފް އަހާލިއެވެ.
“އާން! އަދިވެސް ނޭނގޭތަ؟…މޮޔަގަނޑު…. މިގަޑީގައި ނުނިކުންނާނެއެއްނު ކަމުނުދާ މީހަކާ ބައްދަލުކުރާކަށް… އަސްލު އަހަރެން ވަރަށް ހެޕީވެއްޖެ ޒާލް އައީމަ… އެކަމަކު ބިރުގަންނަނީ މަންމަ ނުކުމެދާނެތީ”
“ޔަލާގެ މަންމަ ނުރުހޭނަތަ އަހަންނާ ގުޅެން” ޒަލަފް ދެން ވެސް ވާހަކަދެއްކީ ޔަލާގެ އަތުގައި ހިފާލައިގެން އިނދެއެވެ. އެހެން އިނދެ ދޭތެރެއަކުން ޔަލާގެ އަތުގައި އޭނާ ފިރުމާލައެވެ.
“މަންމައަކީ އެކަހަލަ މީހެއްނޫން… އަހަންނަށް ކަމުދާ މީހަކު މަންމައަށް ވެސް ކަމުދާނެ، އެކަމަކު އަދި މަންމަ ގާތު ޒާލްގެ ވާހަކަ ނުބުނަން، ފަހުން ވެސް ބުނެވިދާނެއެއްނު ދޯ… އަދި އަހަރުމެން ދެ މީހުން އެކަކުއަނެކަކަށް އެހާ ބޮޑަށް ނުވެސް އެނގެއެއްނު”
“ކޮންކަމެއް ޔަލާ އެނގެން ބޭނުންވަނީ” ޒަލަފް ވަރަށް ހަމަޖެހިލާފައި ބުނެލިއެވެ.
“ދެން… ޒާލްގެ ހުރިހާ ކަމެއް….” ރަކި ގޮތަކަށް ހީނލާފައި ޔަލާ ބުންޏެވެ. އެ ހިނިތުންވުން ޒަލަފްގެ ހިތުގެ ވިންދު އަވަސްކުރުވިއެވެ. ނާރުތަކަށް މަސްތުކަމެއް ފެތުރިގެން ދިޔަ ކަހަލައެވެ. ކޮޅަށް ތެދުވި ޒަލަފް ގެނައި ކުއްލި ހަރަކާތަކާއެކު އޭނާގެ އަތުގެތެރެއަށް ޔަލާ ގެނައެވެ. އޭރު އޭނާގެ މެޔާއިލާ ޔަލާ ބޮނޑިކޮށްލައިފިއެވެ. ޒަލަފްގެ މި ހަރަކާތުން ޔަލާގެ ހަށިގަނޑުގައި ވެސް ނޭނގޭ އިހުސާސްތަކެއް އުފަންވެގަތް ކަހަލައެވެ. ޒަލަފްއާ ދުރަށް ދާކަށް ޔަލާ ވެސް ބޭނުމެއްނުވިއެވެ. ޒަލަފްގެ ހޫނު ނޭވާތައް ނިތްކުރިއާއި ކޯތާފަތަށް އެޅެމުން ދިޔައިރު ޔަލާއަށް ހުރެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. އިހުނަށްވުރެ ޔަލާގެ އުނަގަނޑުގައި ޒަލަފް ހިފާ ގަޔާލާ ބާރުކޮށްލިއެވެ.
“ޒާލް…. އެއީ… އެއީ ކޮންއަޑުފަށްގަނޑެއް…” ޔަލާގެ މޫނުގައި ޒަލަފް ބޮސްދޭން އުޅުނު ވަގުތު ބާރު އަޑުފަށްގަނޑެއް ބޭރުން އިވިގެން ދިއުމުން ދެ މީހުން ވެސް ތިބީ ސިހިފައެވެ. ރައްކާތެރިކަމުގެ ގޮތުން ޔަލާގެ ކޮނޑުގައި ހިފައި ގާތްކޮށްލައިގެން ޒަލަފް ހުރިއިރު ދެ މީހުންގެ ނަޒަރު ވެސް ހުއްޓިފައި ހުރީ އެ ގޭގައި އިންދާފައި ހުރި ބޮޑެތި ގަސްތަކުގެ ފަހަތުގައިވާ ފާރަށެވެ. އެއަޑެއް އެ އިވުނީ އެ ފާރުން ބޭރު މަގުމަތީންނެވެ.
އިވިގެން ދިޔަ ބިރުވެރި ބާރު އަޑުފަށްގަނޑަށްފަހު ހިމޭން ވަގުތުކޮޅެއް ހޭދަވެގެން ދިޔައެވެ. އިސްވެ ވާހަކަދައްކަން ފެށީ ޒަލަފްއެވެ. ޔަލާއަށް ލިބިފައިވާ ސިހުން ކަނޑުވާލެވޭތޯ އެކިއެކި ވާހަކަދައްކަމުން ދިޔައެވެ.
“ޒާލް އަބަދު ރާޅާއަޅަން ދޯ އުޅެނީ… އަނެއްކާ އެއީ ޒާލްގެ ވަޒީފާތަ؟” ޔަލާ އަހާލިއެވެ.
“އެކަހަލަ ވަޒީފާއެއް ޔަލާއަށް ކަމަކުނުދާނެތަ؟ އަހަންނަށް މަސްބާނަން އެނގޭނެ…” ޒަލަފް ހީނލިއެވެ. އެހެންނަމަވެސް އޭނާގެ ސިކުނޑިއަށް ޒާލިފު ސިފަވެގެން ދިޔައެވެ. ޔަލާ އެ ދައްކަނީ ޒާލިފުގެ ވާހަކަކަން ޒަލަފް ދެނަހުއްޓެވެ. އެކަހަލަ އެއްވެސް ވަގުތެއްގައި ޔަލާއަށް ހަޤީޤަތް ހާމަކުރާކަށް ޒަލަފް މަސައްކަތެއް ނުކުރެއެވެ.
ދެ ޒުވާނުން ވާހަކައިގައި ހީނ ސަމާސާ ކުރަމުން ދިޔައިރު ޖެހިގެން ހުރިގޭ ޖަނބުރޯލުގަހުގެ ގޮފިގަނޑެއްގެ މަތީ އޮތް ކަޅުބުޅަލެއް އެ މީހުންނަށް ބަލަމުން ދިޔަކަމެއް ނޭނގެއެވެ. އެހެންނަމަވެސް އެ ސޮރުގެ ރަތް ދެ ލޮލުން ހީވަނީ ދެންމެދެންމެ ކަނި ބުރައިގެން ހިނގައިދާނެ ހެންނެވެ.
ޔަލާ ފޯނުން ގަޑި ބަލާލުމަށްފަހު ވަރަށް ލަސްވެއްޖެކަމުގައި ބުނެލިއެވެ. އެކަމަކު ޒަލަފް ދާކަށް ވެސް އޭނަގެ ހިތެއް ނުރުހެއެވެ. ޒަލަފްއަށް ދެން ނީނދެވޭނެކަން އެނގުމުން އެގެއިން ނުކުންނަން އޭނާ ހިނގައިގަތެވެ. ޔަލާއާއެކު އައިސް ދޮރޯށްޓާއި އަރާ ހަމަވުމުން ޒަލަފް ހުއްޓި އެއްފަރާތަށް ޖެހިލިއެވެ.
“ދެން ހަމަ ދާންވީތަ؟ ޔަލާއާއެކު ތި ކޮޓަރިއަށް ގެންދަންވީނު” ޒަލަފް ބުނެލި ބަސްތަކުން ޔަލާއަށް މަޖާވިއެވެ.
“ޒާލްއަށް ކެރޭނެތަ އަހަރެންގެ ކޮޓަރިއަށް ވަންނަން”
“ތި ދިނީ ހުއްދަތަ؟” ލާނެތް ހިންޏެއް އައިސްފައި ހުރެ ޒަލަފް ބުނެލިއެވެ.
“ދެން ކޮންމެހެން ތިހެން އުޅޭނެކަމެއްނެތް… ދޭ ނިދަން… މާދަން ގުޅާނަން” ހީނހީނފައި ޒަލަފްގެ އަތުގައި ހިފާ ދޮރާ ދިމާއަށް އަނބުރާލަން މަސައްކަތް ކުރި ޔަލާ ބުންޏެވެ. އެހެންނަމަވެސް ދޮރޯށީގައި ލެނގިލި ޒަލަފް އޭނާގެ އަތުގެ ތެރެއަށް ޔަލާ ގެނެސްލިއެވެ.
“އޯ މައި ގޯޑް…” ޔަލާއަށް ލިބުނު ހައިރާންކަމާއެކު ބުނެލިއެވެ.
“ތިކަހަލަ އެއްޗެހި ކިޔަސް މި ދެއަތަކުން ނުނިކުމެވޭނެ” ޒަލަފްއަށް އެވީ ކިހިނެއްކަން ނޭނގި ހުރެ ބުނެލިއެވެ.
“ޒާލްގެ ލޮލަށް ތިހިރީ ކިހިނެއްވެފައި… ލެންސް ލެއްވީތަ؟ އަދިކިރިޔާ މި ފެނުނީ…”
“ނުގުޅޭތަ؟” ޒަލަފްގެ ވާހަކަދެއްކުން ހުންނަ ގޮތުން ޔަލާއަށް ހަޤީޤަތް އޮޅިދެއެވެ.
“ރަތްކުލަ ނޫން ކުލައެއް ނުލިބުނީތަ؟…ދެން އޯކޭ… ޔުނީކު ގޮތެއް އެބަހުރި….” ގެނބިގެން ދާންބޭނުންވާ ފަދަ ބާރެއް ލިބިފައިވާ ޒަލަފްގެ ދެ ލޮލަށް ޔަލާ ބަލަހައްޓައިގެން ހުއްޓެވެ. އަދި މަޑުމަޑުން އެ ދެ ލޮލުގައި ޔަލާގެ އިނގިލިތައް ހިންގާލިއެވެ. ޔަލާގެ ކަނާއަތް ނަގާ އެއަތުގައި ޒަލަފް ބޮސްދިނެވެ.
ޒަލަފް ބަލަމުން ދިޔަ ވަރަކަށް ޔަލާއަށް އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް އޮތް ބާރު ނެތެމުން ދާ ކަހަލައެވެ. ފައިގެ އިނގިލިތަކުގެ ކޮޅާ ހަމައަށް ހަށިގަނޑު އުފުލާލުމާއެކު ޒަލަފްގެ މޫނާ މޫނު ގާތްކޮށްލީ ޚުދު ޔަލާއެވެ. ޒަލަފްގެ ފުޅާ ދެ ކޮނޑުގެ ދެ ފަރާތުން ގެނެސް ޔަލާގެ އަތް ޒަލަފްގެ ކަނދުރާގައި އަޅުވާލިއެވެ. އެ ހަމަހިމޭން މާހައުލުގައި ދެ ޒުވާނުންގެ ނޭވާ އަވަސްވެފައިވާ އަޑު ދެ މީހުންގެ ކަންފަތައް އިވި އިހުސާސް ކުރެވެމުންދިޔައެވެ. ޒަލަފް ވެސް މަޑުމަޑުން އޭނާގެ މޫނު ތިރިކޮށްލީ ޔަލާއަށްޓަކައެވެ. ނިތާނިތް ޖެހިގެންދިޔައެވެ. ދެ ތުންފަތް ބީހިލިއެވެ. ދެން ވެސް ޒަލަފް ހުރީ ހަރަކާތެއް ގެންނަން ނުކެރިފައި ކަހަލައެވެ. އެހިނދު ޔަލާއަށް އޭނާގެ ނަފްސު ޒަލަފްގެ އަތުގެ ތެރެއަށް އެއްލާލެވިއްޖެއެވެ. ރުހުމުގައެވެ. ދެ ނޭވާ އެއްވެ ދެ ހަށިގަނޑުގެ ދެމެދުގައި އަލިކޮޅެއްވަންނާނެހާ ތަން ވެސް ނެތިއްޖެއެވެ. އެހެންތިއްބާ މިފަހަރު ވެސް ދެ ޒުވާނުންނަށް ސިހުން ގެނުވީ ކުރިން ވެސް އިވުނު ބާރު އަޑުފަށްގަނޑުންނެވެ. ޔަލާގެ މެރިފައިވާ ދެ ލޯ ތަންމިނަށް ހުޅުވާލުމާއެކު އަވަސްއަވަހަށް ނަފްސު ހަމައަކަށް އެޅުވުމަށް އުޅެވުނެވެ. ޒަލަފް ވެސް ޔަލާގެ ހަށިގަނޑުން ދޫކޮށްލާ އޭނާ މިނިވަންކޮށްދިނެވެ. ނަމަވެސް އޭނާގެ ބެލުމުގައި ވަނީ މަސްތުކަމެވެ.
“ޕްލީޒް ޒާލް ދެން ދޭ….” އިސްޖަހާލައިގެން ހުރެ ޔަލާ ބުނެލިއެވެ. ހިނގައިދިޔަ ކަންތަކުން އޭނާއަށް ޒަލަފްއާ ނަޒަރު ސީދާކޮށްލަން ނުކެރުނީއެވެ.
ޔަލާގެ ކޯތާފަތުގައި ފިރުމާލާފައި ޒަލަފް ދޮރޯށި ހުޅުވާލަފައި ނުކުތެވެ. ޔަލާ ދޮރޯށީގައި ހިފަހައްޓާލައިގެން މޫނުން ވަރަށް ކުޑަ މިންވަރެއް ޒަލަފްއަށް ފެންނާނޭހެން ފިލާ ހުރެ ބަލާލިއެވެ. އޭނާ ހުރީ ހިނިތުންވެލައިގެންނެވެ. އޭރު އެ ދެލޮލުގައިވާ ރަތް ކަޅި ދިއްލިފައިވާހެން ވެސް ހީވެއެވެ. ތަފާތު ވިދުމެއް އެ ދެލޮލުގައި ވިއެވެ.
“ޝުކުރިއްޔާ…” ޒަލަފް ބުނެލިއެވެ. އެއާއެކު ލަދުން ގޮސް ޔަލާއަށް ދޮރާށި ލައްޕާލެވުނެވެ. ދެން އިވުނީ ބޭރުގައި ހުރި ޒަލަފްގެ ލުއި ހީނލުމުގެ އަޑެވެ. ޔަލާގެ ތުންފަތަށް ވެސް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އަވަހަށް ދޮރޯށި ތަޅުލާފައި ގޭތެރެއަށް ވަދެގެން ޔަލާ ދިޔައެވެ.
ޒަލަފް އެނބުރި ރަޚަބްމެން އުޅޭ ތަނަށް އައެވެ. އޭނާގެ ގާތުގައި މީހަކު އުޅޭހެން ހީވި ހީވުން ކެނޑިގެން ދިޔައީ ވެސް ދެނެވެ. އެހެންނަމަވެސް އެކަމާ އަޅާ ނުލާ ޒަލަފް އަވަސްވެގަތީ އޭނާގެ ކޮޓަރިއާ ހަމައަށް ދިއުމަށެވެ. ދޭއްޖަހާ ދިޔައިރު ވެސް މީހުން ހޭލާ އެކިއެކި ކަންކަމުގައި އުޅޭތަން ފެނެއެވެ. ގޭތެރޭގައި އޮތް ކުޅިވަރުތައް ނިމިއްޖެއެވެ. އެހެންނަމަވެސް ގޯތިތެރޭގައި މީހުން ގިނަކަން ޒަލަފްއަށް ފާހަގަވިއެވެ. އެ މީހުން ކުރާ ކަމެއް ނުބަލާ ޒަލަފް އައިސް އެތެރެއަށް ވަނެވެ. ސިޑީގެ ހަރުފަތްތަކުން އަރައިގެން ކޮޓަރިއަށް ދަނިކޮށް މެލްފަސްއާ ދިމާވިއެވެ.
“ޒަލަފް… ނިދަންދަނީތަ؟” މެލްފަސް އަހާލިއެވެ. ޒަލަފް ބޯޖަހާލާފައި މަޑުކޮށްލީ މެލްފަސް ދަންދެނެވެ.
“ބެހެމަތް ދުށިންތަ؟ ކުޅިވަރުތައް ކުރިއަށް ދިޔައިރު ޒަލަފްއާއެކު ހުއްޓާ ދުށީން” މެލްފަސް މިހެން ބުނުމުން ޒަލަފް ވެސް ބެހެމަތްގެ މަތީން ހަނދާންވިއެވެ.
“އަހަރެން ނުކުތީ ބޭރަށް… ބެހެމަތް ހުރީ ކުޅިބަލަން” ޒަލަފް މިހެން ބުނުމުން މެލްފަސް އިތުރު ސުވާލެއް ނުކޮށް ހިނގައްޖެއެވެ.
އެކިމީހުންގެ ގާތުން އަހައިގެން ވެސް ބެހެމަތް ދިޔަ ތަނެއް މެލްފަސްއަކަށް ނޭނގުނެވެ. ޒަލަފްގެ ފަހަތުން އަބަދު އުޅޭ އޭނާގެ ދަރިފުޅު ޒަލަފްއާ ނުލާ ކޮންތާކަށް ދިޔައީބާއޭ ހިތަށް އަރަމުން ދިޔައެވެ. ގޭތެރެއިން މީހުން ހުސްވެ ޢާއިލާގެ މެންބަރުން ވެސް އެމީހުންގެ ކޮޓަރިތަކަށް ދިއުމަށް ހިނގައިގަތެވެ. ނަމަވެސް މެލްފަސް ނުކުތީ ގޯތިތެރެއަށެވެ. ދޮރުވާނުން ފިޔަވާ އިތުރު ބަޔަކު އެތާކު މިހާރު ނެތެވެ. ކަންބޮޑުވެފައި ހުރެ މަޑުމަޑުން އައިސް ނިކަގަހުގެ ކައިރީ މަޑުކޮށްލިއެވެ.
ހިމޭންކަން ވެރިވަމުން އައި ވަރަކަށް ފަނިގޮވާއަޑު ގަދަވަމުން ދިޔައެވެ. ވައިރޯޅީގެ އަސަރު ނެތްނަމަވެސް ފަޒާގައި ތެތްފިނިކަމެއް ހުއްޓެވެ. ނިތުގައި ކަނާއަތްތިލަ މެލަފަސް ހިންގާލީ ލިބިފައިހުރި ލޮޑުކަމާއެކު އަރާމުކޮށްލަން ހަށިގަނޑު ބޭނުންވާތީއެވެ. ނަމަވެސް ބެހެމަތް ވީތަނެއް ނޭނގި އޭނާއަށް ހަމަޖެހިލެވޭނެ ގޮތެއް ނުވާނޭކަން ވެސް އެނގެއެވެ. ދަރިފުޅު ވީތަނެއް ހޯދުމަށްޓަކައި މެލްފަސް އޭނާގެ ބާރުގެ ބޭނުން ހިފިއެވެ. ދެ ލޯ މަރާލުމާއެކު އޭނާ ކުއްލިއަކަށް ލޯ ހުޅުވާލިއެވެ. އަދި ނިކަން އަވަސް ނަޒަރެއް ކައިރީގައި ހުރި ނިކަގަހަށް ދިނެވެ. ދެން ފެނުނީ އެސްފިޔަޖަހާލާހާ މަދު ވަގުތުކޮޅެއްގޭ ތެރޭ މައްޗަށް އެރިތަނެވެ. ފަތުއަޑުކިޔާފައި މެލްފަސް އަރައިގެން ދިޔަ ގޮތުން ނިކަގަހުގެ އަޅޯތައް ފަރާތްފަރާތަށް އުދުހިގަތީ ދިރުލުން ލިބިފައި ތިބި އަތްތަކެއްހެންނެވެ. އޭނާ އުދުހުނީއެއް ނޫނެވެ. ބިމުގައި ހުރެފައި ގަހުގެ ކުރިއަށް އަރަން ފުންމާލީއެވެ.
ނިކަގަހުގެ އެންމެ މަތީގައި ހެދިފައި އޮތް ގޮފިގަނޑުގައި ދެ ފައި ތިރިއަށް އެލުވާލައިގެން އިށީނދެ އިން ބެހެމަތް ފެނުނެވެ. މެލްފަސް ގަހަށް އަރަނީކަން ޔަޤީންވުމާއެކު އަވަސްއަވަހަށް އޭނާގެ ފެންކަޅިވެފައިވާ ދެ ލޯ ފުހެލައި ރީތިކޮށް ދެ ކޯތާފަތް ވެސް ފުހެލައިފިއެވެ. އަދި ހިކިފައިވާ ދެ ތުންފަތް ތެތްމާލީ ބައްޕައަށް ޖަވާބުދާރީ ވާންޖެހޭނެކަން އެނގޭތީއެވެ.
“ކުޅިވަރު ބަލަން ހުރެފައި ކޮންއިރަކު ގަހަށް އެރީ… އެންމެން މިހާރު ނިދަން ހިނގައްޖެ… ބެހެމަތްއަކީ ކުޅަދާނަ ކުއްޖެއްކަން ބައްޕައަށް އެނގޭ… އެކަމަކު ނުވިސްނެނީ މިގަހުގެ ކުރިއަށްއަރާ ތިގޮތަށް ފޮރުވިގަނެގެން އިންނަންޖެހޭ ސަބަބެއް” ނިކަގަހުގެ ފަލަ ގޮފިގަނޑެއްގައި ކޮޅަށް ހުރެ މެލްފަސް ވާހަކަދެއްކިއެވެ. އޭރު އޭނާގެ އެއްއަތުން މައިގަސްގަނޑުގައި ހިފަހައްޓާލައިގެން ހުއްޓެވެ. އެހެން ހުރިއިރު އޭނާގެ އުނަގަނޑާ ހަމަގައި ބެހެމަތް އިށީނދެ އިން ގޮފިގަނޑު ވެއެވެ. އެހެންނަމަވެސް ބެހެމަތް އިންގޮތުން އޭނާގެ މޫނު ފެންނަ ވަރެއް ނުވިއެވެ.
“ކަމެއްނުވޭ… މި ހަމަ އިނީ…” ބެހެމަތް ބުންޏެވެ.
“ކަމަކާ ހިތްހަމަނުޖެހިފަތަ ނޫނީ ދެރަވެފަތަ ތި އިނީ” މެލްފަސްއަށް ބެހެމަތްގެ އަޑުގައި ތަފާތުކަމެއް ހުރިކަން ފާހަގަވެ އަހާލިއެވެ. އެއާއެކު މަޑުމަޑުން ދެ ފަރާތަށް ބެހެމަތް ބޯހޫރާލިއެވެ.
“މިތާ އިނދެ އިނދެ މިހާރު ވަރުބަލިވެއްޖެ، ހިނގާ ގެއަށް ވަންނަމާ” މެލްފަސްއަށް އިތުރު އެއްޗެއް ނުބުނެވެނީސް ބެހެމަތް އިންތަނުން ތެދުވެއްޖެއެވެ. އަދި މެލްފަސްއަށްވުރެ ކުރިން ގަހުން ތިރިއަށް ފުންމައިލައިފިއެވެ.
“ޒަލަފްއާ ދެކުދީން ކަމަކާ ދެބަސްވީ ކަންނޭނގެ” ގަހުން ފުންމާލުމާއެކު ބެހެމަތް ގޮސް ގެއަށް ވަންނަތަން ބަލަން މަޑުކޮށްލައިގެން ހުރި މެލްފަސްގެ ހިތަށް އެރިއެވެ. މިވަގުތު އެ ފަދަ ވާހަކައެއް އަހަން މެލްފަސް ބޭނުންނުވީ ބެހެމަތްގެ ޠަބީޢަތަށް އައިސްފައިވާ ބަދަލު ފެނިފައެވެ. ފަހަރެއްގައި މާދަމާ އެ ކުއްޖާ ފެންނައިރު ހަމަޖެހިފައި ހުރެދާނެއެވެ. އޭރުން އެ ސުވާލު ކުރާނީއޭ ހިތާ މެލްފަސް ވެސް އައިސް ގެއަށް ވަނެވެ.
އެނދުގައި ދެއަތަށް ފުރޮޅިފުރޮޅި އޮތް ޒަލަފްއަށް ނިދުނީ އެތައް އިރެއްވީފަހުންނެވެ. ހަޤީޤަތުގައި އޭނާ މިރޭ އެ އޮތީ ވަރަށް އުފާވެފައެވެ. އޭނާއަށް ޔަލާ ދިނީ އުންމީދު ވެސް ނުކުރާވަރުގެ ހަދިޔާއެކެވެ. ނިދީގައި ވެސް އޮވެވުނީ މޮޔައަކުހެން ހިނިތުންވެލައިގެންނެވެ. ނިދީގެ ފުންމިނުގެ ތެރެއަށް ގެނބިފައި އޮތް ޒަލަފްއަށް އޭނާގެ ގާތުގައި އެ ކޮޓަރީގައި މަޑުކޮށްލައިގެން މީހަކު ހުރިކަމެއް ނޭނގެއެވެ. އަނދިރީގެ ތެރެއިން ފާޅުވެގަތް ހިޔަނި އައިސް ޒަލަފްގެ އެނދުގެ މަގަތުން އިށީނެވެ. ދެން އިވުނީ މަޑުރުއިމުގެ އަޑެކެވެ. އެއީ ބެހެމަތްގެ ރުއިމުގެ އަޑެވެ. އަތުގައި އޮތް ރުމާކޮޅަކު ތުންފަތުގައި ޖައްސާ ބާރުކޮށްލައިގެން އިން އިރު ވެސް އޭނާ ރޯއަޑު އެ ކޮޓަރީގެ ހަތަރު ފާރުގެ ތެރޭގައިވި ހިމޭންކަން ނެތިކޮށްލައިފިއެވެ. ޒަލަފްގެ ނިތްކުރީގައި ވައަތުގެ އިނގިލިތައް ހިންގާލުމާއެކު ދެން ފެނުނީ ޒަލަފްގެ ތުންފަތުގައި އިނގިލިތައް ޖައްސާލިތަނެވެ.
“އަހަރެންވަނީ ޒަލަފްއަށްޓަކައިކަން ކީއްވެތަ ޒަލަފްއަށް ނޭނގެނީ؟ އަހަރުމެންގެ ކައިވެނި އޮތީ މާ ކުރީން ވެސް ހަމަޖެހިފައި… ތި ހަށިގަނޑުގައި އެހެންމީހަކު އަތްލާކަށް އަހަރެން ނޭދެން… އެކަމަކު ޒަލަފް އަހަންނަށް ބޭވަފާތެރި ތިވަނީ… އެ އަންހެންކުއްޖާގަނޑުގެ ބޭނުން އަހަރެން ހިފީ ޒަލަފް އޭރު ހުރި ހައްޔަރުން ސަލާމަތްކުރުމަށް… އޭނާއަކީ ނިކަމެތި އެއްވެސް އާރެއްބާރެއް ހުރި ކުއްޖާގަނޑެއްނޫން… ޒަލަފްއާ ހަމައަށް އޭނާ ގެންދިޔަ މީހަކީ އަހަރެން… ތި ދެމެދަށް ވަންނަން އަހަންނަށް މަޖުބޫރުވެދާނެ… ޒަލަފްއާއި އެ އަންހެންކުއްޖާގަނޑާ އެކަށީގެނެއްނުވޭ… މިރޭ އަހަރެންގެ ހިތަށް ދުވަހަކު ވެސް ތަދުނުވާވަރަށް އެބަ ތަދުވޭ… ނުފެންނަ ޒަހަމެއްގައި ވޭން އަޅާ ފަދަ… އަހަރެންގެ މަންމައަކީ މި ގަނޑުވަރުތެރޭގައި އެންމެ ރީތި އަންހެނާ، އެ ރީތިކަން އަހަންނަށް މިވަނީ ވާރުތަވެފައި… އެކަމަކު އެ ރީތިކަން ޒަލަފްގެ ލޮލުގައި އަޅައިނުގަތީ ކީއްވެތަ؟… އަހަރެން އަބަދު ޒަލަފްގެ ހާލު ބަލަން، ޒަލަފްއަށް އެހީތެރިވަން… އެކަމަކު އެއްފަހަރު ވެސް އެ އިންސިގަނޑަށް ބަލާލާ ހެން އަހަންނަށް ބަލާލަން ޒަލަފް ހިތަށް ވެސް ނާރާ ކަހަލަ…” ޝަކުވާ ކުރަމުން ރޮމުން ބެހެމަތް ދިޔައެވެ. އޭނާގެ ހަޔާތުގައި މިހާތަނަށް ހިތުގައި ޖެހޭވަރު ކަމެއް ދިމާވެފައި ނުވާތީ ލިބިފައިވާ ހިތްދަތިކަން ތަޙައްމަލުކުރާނޭ ގޮތެއް ނޭނގިގެން އުޅޭ ކަހަލައެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނުން ހެނދުމުގެ މޭމަތި ތެމެމުން ދިޔައެވެ. މަޑުގިސްލުމެއްގެ އަޑު ވެސް ރުމާލާއި ތުންފަތާ ދޭތެރެއިން ނުކުންނަމުން ދިޔައެވެ. ދެ ފަރާތަށް ބޯހޫރާލުމާއެކު ބެހެމަތް ގެނައި ކުއްލި ހަރަކާތާއެކު އެނދުން ތެދުވެ ދެ ކަކޫ މައްޗަށް ތިރިވިއެވެ. އަދި ޒަލަފްގެ މޭގައި ބެހެމަތްގެ މޫނު ފޮރުވާލިއެވެ. އެތައް އިރަކު އޭނާ އެހެން އިނެވެ. ހިތަށް ލިބިފައިވާ އުދާސްކަން ފިލައި ނުދިޔަނަމަވެސް ބެހެމަތްގެ ކަރުނައަށް ނިމުމެއް އައެވެ. ރުއިމުގެ ސަބަބުން ވަރުބަލިވެފައިވާ ދެ ލޯ މަރާލައިގެން ބެހެމަތް އިންއިރު ނިދީގައި އޮތް ޒަލަފް ފުރޮޅިލިއެވެ. އެއާއެކު ބެހަމަތްގެ ދެއަތާއި މޫނު ޒަލަފްގެ މޭމައްޗާ ވަކިވެގެން ދިޔައެވެ. އެހެންނަމަވެސް އެ އެނދާ ދުރަށް… ޒަލަފްއާ ދުރަށް ދާން ބެހެމަތް ބޭނުންނުވާ ކަހަލައެވެ. އެނދުގެ މަގަތުގައި ދެއަތް އަޅުވާލައި އަތްމަތީ ބޯ ބާއްވާލައިގެން އެނދު ކައިރީ އިނީއެވެ.
އިރުގެ ރަން ދޯދިތައް ކޮޓަރިތެރެއަށް އެޅިފައި އޮތްއިރު އެ ކޮޓަރީގައި މަޑުހޫނުކަމެއް ވެސް ހުއްޓެވެ. ދެއަތަށް ފުރޮޅިލިތަނާހެން އެއްޗެއްގައި ޖެހިގެން ޒަލަފް ލޯ ހުޅުވާލިއެވެ. އޭނާއަށް އެނދުގައި ދެއަތް އަޅުވާލައިގެން ނިދިފައި އިން ބެހެމަތް ފެނުމުން ދެ ލޯ ބޮޑުކޮށްލެވުނެވެ. އަވަސްއަވަހަށް ޒަލަފް ތަންމަތިން ތެދުވެ އެނދުގެ އަނެއްފަރާތުގައި ބެހެމަތްއަށް ކުރިމަތިލައިގެން އޭނާއަށް ބަލަން ހުއްޓެވެ. ބެހެމަތް އެ ކޮޓަރިއަށް އައީ ކޮންއިރަކު ބާއޭ ޒަލަފްގެ ހިތަށް އަރަމުން ދިޔައިރު އޭނާ އައީ ކޮންބޭނުމެއްގައި ބާއޭ ވެސް ޒަލަފްގެ ހިތަށް އެރިއެވެ. ހަދާނޭ ގޮތެއް ނޭނގި އިރުކޮޅަކު ހުރެފައި ޒަލަފްއަށް ވިސްނުނީ މީހަކަށް އެކަން ނޭނގެނީސް ބެހެމަތްއަށް ގޮވާ ހޭލައްވާ އެ ކޮޓަރިން އޭނާ ނެރުމަށެވެ. ހެނދުނު ގަޑީ ހިއްރާ އެ ކޮޓަރިއަށް އަންނާނެކަމާއި އޭނާއަށް އެ ކޮޓަރިން ބެހެމަތް ފެނިއްޖެނަމަ ނުބައި ގޮތަކަށް ހީކޮށްފާނޭތީ ޒަލަފް ބިރުގަތެވެ. އެމީހުންގެ ތެރޭގައި ކަންކަން އޮންނަގޮތެއް އަދިވެސް ޒަލަފްއަށް ނޭނގެއެވެ.
“ބެހެމަތް… ބެހެމަތް….” ބެހެމަތްގެ ގާތަށް އައިސް ހުއްޓިލަމުން ކުޑަކޮށް ގުދުވެލާފައި ޒަލަފް ގޮވާލިއެވެ. އެހެންނަމަވެސް ބެހެމަތް ހަރަކާތެއްކޮށްނުލިއެވެ. ޒަލަފް ދެއަތްތިލައަށް ގެނަންމުން ދިޔަ ހަރަކާތްތަކުން އޭނާ ހުރީ ބެހެމަތްގެ ގައިގާ އަތްލަން ބޭނުންނުވެފައިކަން އެނގެއެވެ. އެކަމަކު އިތުރު ގޮތެއް ނެތްފަދަ ގޮތަކަށް ދެބުމަބަ ކައިރިކޮށްލަމުން ޝަހާދަތް އިނގިލިން ބެހެމަތްގެ ކޮނޑުގައި ޒަލަފް ކޮއްޓާލިއެވެ. އަދި އޭނާއަށް ދެތިން ފަހަރަށް ގޮވާލިއެވެ.
ހިލަންވެގެން ބެހެމަތް ލޯ ހުޅުވާލިއިރު އޭނާގެ ދާދި ގާތުގައި ޒަލަފް ހުރިތަން ފެނި ފުންމައިގެން ތެދުވިއެވެ. އަދި ހެނދުން ރީތިކޮށްލާފައި ޒަލަފްއަށް ބަލާލީ ކަންބޮޑުވުމުގެ ނަޒަރަކުންނެވެ.
“މި ކޮޓަރީގައި… ބެހެމަތް…” ޒަލަފް ބުނަން ބޭނުންވަނީ ކީކޭކަން ބެހެމަތްއަށް ދެނެގަނެވުނެވެ. އެހެންނަމަވެސް ވަކި ޖަވާބެއްނުދީ މައުނަވީ ބަލާލުމަކުން ޒަލަފްއަށް ބަލާލާފައި އެ ކޮޓަރިން ނުކުންނަން ދުއްވައިގަތެވެ.
“ބެހެމަތް… މަޑުކޮށްބަލަ…” ހައިރާންވެފައި ހުރި ޒަލަފް ވެސް އަވަސްވެގަތީ ބެހެމަތްގެ ފަހަތުން ދިއުމަށެވެ. ނަމަވެސް އޭނާގެ ދެފައި ގަނޑުވީ މެލްފަސް ފެނިފައެވެ. އޭނާ ހުރީ ބެހެމަތްގެ އަތުގައި ހިފަހައްޓައިގެންނެވެ. އެ ދެބައިން ކޮންމެވެސް ވާހަކައެއް ދައްކަނީއެވެ. ޒަލަފްގެ މެޔަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. މެލްފަސްއަށް ނުފެންނަނީސް ކޮޓަރިތެރެއަށް އޭނާ ދެމިގަތެވެ. އެހެންނަމަވެސް އޭނާ ނުކުންތަން މެލަފަސް ދުށްޓެވެ.
“ބެހެމަތްގެ ކޮޓަރިއަށް ފަތިހު ވަންއިރު ވެސް ތަންމަތީގައި އޮށޯތްކަމުގައި އެއްވެސް ނިޝާނެއް ބައްޕައަކަށް ނުފެނޭ… ދެތިން ފަހަރު ކޮބާތޯ ވެސް ބަލާލިން… ޒަލަފްގެ ކޮޓަރީގައި ދަރިފުޅު ދިޔައީ ކޮންއިރަކު؟ ކިހިނެއްވީ ދުވަމުން ތިއައީ… ޒަލަފްއާއި ދެ ކުދީން ކަމަކާ ދެބަސްވެގެންތަ ތި އުޅެނީ” މެލަފަސްގެ ހުރިހާ ސުވާލެއް އެއްފަހަރާ ބެހެމަތްއާ އަމާޒުވެގެން ދިޔައެވެ. ނަމަވެސް ބެހެމަތްގެ ހިތުގައިވާ އެއްޗެއް އޭނާގެ ބައްޕަގެ ގާތުގައި އަދި ބުނާކަށް ގަސްދެއްނުކުރެއެވެ. ޒަލަފް އެމީހުންގެ ގާތަށް އައިތާ ގިނަ ދުވަހެއް ނުވަނީސް މައްސަލަގަނޑެއް އުފެދޭކަށް ބެހެމަތް ބޭނުމެއްނުވެއެވެ.
“ތަންކޮޅެއް ކުރިން ހޭލައިގެން މިއުޅެނީ… ޒަލަފްއާ ވާހަކަދައްކާލަން އައީ އޭނާ ހޭލާއުޅޭކަން އެނގޭތީ” ބެހެމަތް ބުންޏެވެ.
“ބައްޕައަށް ދޮގު ނުހައްދައްޗޭ…” މެލްފަސްއަށް ބެހެމަތްގެ ވާހަކަ ޤަބޫލެއްނުކުރެވުނެވެ. ބެހެމަތްއާއެކު ދިއުމަށް ހިނގައިގަންނަމުން މެލަފަސް އެނބުރި ޒަލަފްގެ ކޮޓަރިއާ ދިމާއަށް ބަލާލަމުން ހިނިތުންވެލިއެވެ. އެ ހިނިތުންވުން ފޮރުވާލުމަށް ޓަކައި ތިރީތުންފަތުގައި އޭނާ ދަތްއަޅާލިއެވެ. ސިކުނޑީގައި ކޮންމެވެސް ޚިޔާލުތަކެއް އޭރު އެނބުރެމުން ދާ ކަހަލައެވެ.
* * * *
“ގުޑް މޯނިންގ” ޔަލާއާއި އަރާ ހަމަކުރަމުން ރީހާން ބުނެލިއެވެ.
“ގުޑް މޯނިންގ” ހިނިތުންވުމެއް ރީހާންއާ ޔަލާ ބަދަލުކޮށްލިއެވެ.
“އާ ޔޫ ހައިޑިންގ ފްރޮމް މީ” ރީހާން ކުއްލިއަކަށް އަހާލި އެއްޗަކުން ޔަލާއަށް ހުއްޓުން އެރިއެވެ. އަދި އަވަސް އަވަހަށް “ނޫނެކޭ” ބުނީ ރީހާންއަށް ހަޤީޤަތް ފޮރުވާށެވެ.
“އަހަރެން ފެންނައިރަށް ޔަލާ ހުންނަނީ ނާވަސްވެގެން ހަލާކުވެފައި، އަނެއްކާ އަހަންނަށް ނޭނގި ނަމަވެސް ޔަލާއަށް ކަމެއްކުރެވުނީތަ؟ ނޫނީ އަހަރެން ކަމެއްކޮށްފާނެތީ ބިރުގަންނަނީތަ؟” އެހެންޏާ ރީހާން އެހާ ހާމަކަން ބޮޑުގޮތަކަށް ޔަލާއާ ވާހަކަދައްކައިފައި ނުވާތީ އޭނާ ހުރީ ހާސްވާގޮތްވެފައެވެ. އެމީހުންގެ ކައިރިންލާފައި ދާ މީހުންނަށް ރީހާން ދައްކާ ވާހަކަތައް އަޑުއިވުނަސް އޭނާގެ ފަރުވާލެއްނެއް ކަހަލައެވެ. އެކަމާ ކަންބޮޑުވަނީ ޔަލާއެވެ.
“ރީހާން ތީ އަހަރެންގެ ބޮސްއެއްނު…” ބުނާނެ އެއްޗެއް ނޭނގިފައި އިރުކޮޅަކު ހުރުމަށްފަހު ޔަލާ ބުނެލިއެވެ. އެހިނދު ރީހާންގެ ލުއި ހީނލުމުގެ އަޑުން އޭނާ ޔަލާ ދެއްކި އުޒުރު ޤަބޫލުނުކުރާކަން ޚުދު ޔަލާއަށް ވެސް އެނގުނެވެ.
“އަހަރެން މަސައްކަތް މިކުރަނީ ޔަލާއަކީ ރައްޓެއްސެއްކަމަށް ދެކިގެން… ޔަލާ ވެސް ބުނި ހަނދާނެއްވޭ އަހަރުމެންނަކީ މިހާރު ރައްޓެހިންނޭ… އެކަމަކު ރައްޓެހިން ވާހަކަދައްކާ އުޅޭނީ މިގޮތަކަށް ނޫނެއްނު، އެކަކު އަނެކަކަށް ފެނިދާނެތީ ފިލައިގެން ނޫޅޭނެހެން ހީވަނީ…” ރީހާންއަށް ވެފައިހުރީ ކިހިނެއްބާއޭ ވެސް ޔަލާގެ ހިތަށް އަރަމުން ދިޔައެވެ.
“ވީ އަރ ފްރެންޑްސް…” ލުއިލުއި ގޮތަކަށް މަޑުމަޑުން ޔަލާ ބުނެލިއެވެ.
“އަހަރެން މިއަދު އެއަރޕޯޓުގައި ހުންނަ މެޑިކަލް ސެންޓަރަށް ދަން، އަހަންނާއެކު ޔަލާ ދާން އަހަރެން ބޭނުން… އިޓްސް ނޮޓް ސަމްތިންގ އޮފިޝަލް… ރަޙުމަތްތެރިއަކު ދިން ދަޢުވަތެއްކަމުގައި ހީކުރަން ބޭނުންނުވަންޏާ ހީކޮށްލާ ބޮސް އެދުނު އެދުމެކޭ މީ” ކުޑަކޮށް ހިނިއައިސްފައި ހުރެ ރީހާން ބުންޏެވެ. ލިބިފައިވާ ހާސްކަމުން ޔަލާގެ މޫނުން ދާތިކި ފައުޅުވާން ފެށިއެވެ. އޭނާ ރީހާންއަށް ޖަވާބު ދިނީ ބޯޖަހާލުމަކުންނެވެ.
“ދެން އަޅުގަނޑު ގޮސްލަންތޯ… ޕޭޝަންޓުން ބަލާ ގަޑި ފެށެނީ” ޔަލާއަށް ލިބިފައި ހުރި ހާސްކަން ރީހާންއަށް ވީ މަޖާ ކަމަކަށެވެ. އެ ރީތި ދޮން މޫނުމަތިން ފައުޅުވާ ދާތިކިތަކާއި ބޮޑުވެފައި ދެ ލޯގެ އިތުރުން ހަންގަޑާއި ގުޅޭ ލިފްސްޓިކު ޖައްސާފައި ހުރި ދެ ތުންފަތުގައިވާ ބޭގަރާރުކަން ރީހާންގެ ހިތަށް ފޮނިމީރުކަމެއް އިހުސާސްކޮށްދިނެވެ. ތެދުހަށިގަނޑުގެ ވެރި ރީހާން ފަޓުލޫނުގެ ޖީބަށް އެއްއަތް ޖަހާލައިގެން ހުރެ އަޅާފައި ހުރި ނަންބަރު އައިނު ރަނގަޅުކޮށްލަމުން ބޯޖަހާލީ ޔަލާއަށް ހުއްދަދިނުމުގެ ގޮތުންނެވެ. އޭރު ވެސް އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލަދުވެލާ ހުއްޓެވެ. އެފަދަ ގޮތަކަށް ޔަލާއަށް ކުރިމަތިލެވުނީ އޭނާ ވަރަށް ހިތްވަރުކޮށްގެންނެވެ. އަމިއްލަ ޟަމީރަށްވުރެ ވެސް ހިތުގެ އެދުން ގަދަވެފައިވާތީ ރީހާންއަށް އެންމެ ބޮޑު ހިތްވަރަކާއި ޔަޤީންކަމެއް ދިނީ އޭނާގެ ހިތެވެ.
މުޅި ދުވަހު ޑިއުޓީ ނިމެންދެން ވެސް ރީހާންގެ ޢަމަލުތައް ހުރި ގޮތުން ޔަލާއަށް ހުރީ ވަރަށް ބޮޑު ހައިރާންކަމެއް ލިބިފައެވެ. އަނެއްކޮޅުން އަމިއްލަ ނަފްސަށް އަޑުލައި ހެދީ ރީހާން ބުނާ ކޮންމެ ކަމެއް ޔަލާ ކުރަން ނުޖެހޭނެ ކަމާ މެދުއެވެ. އެހެންވިޔަސް އޭނާއަށް ރީހާން އެއްޗެއް ބުނެފިނަމަ ފައުޅުގައި ދެކޮޅު ހަދާކަށް ނުކެރެއެވެ. ނަފްސުގެ ހަމަޖެހުން ގެއްލިފައިވާ ކަހަލަ ފިކުރުތަކަކާއިގެން ޑިއުޓީ ނިންމާފައި އައިސް ޔަލާ ގެއަށް ވަނެވެ. ގެއަށް ވަދެވުނުތާ ފަސްމިނެޓު ވެސް ނުވެ އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. ހަމަޖެހިލުމަށް ބޭރުކޮށްލަން އުޅުނު ނޭވާ ވެސް ހޮޅީގައި ތާށިވެ މީހާ ކޮށިއަރާ ގޮތްވިއެވެ. ދިއްލިފައި އޮތް ފޯނުގެ އިސްކުރީނުން ފެންނަމުން ދިޔައީ ރީހާންގެ ނަމެވެ.
“ހަތްގަޑި ބައިގަ ދާނަން ޔަލާ ބަލާ… އެ ވާހަކަ ނުބުނެވި އޮތީމަ މި ގުޅާލީ، އޯކޭ… ބާއި” ރީހާން ބުނާނެ އެއްޗެއް ބުނެފައި ފޯނުކޯލު ކަނޑާލީއެވެ. ޔަލާއަށް އަނގައިން ވެސް ނުބުނެވިފައި ހުރި ފިޔަވަޅުމަތީ ހުއްޓެވެ.
“ޔަލާ… ދަރިފުޅު އައީތަ…” ހަމަހޭވެރިކަން ލިބިގެން ދިޔަހެން ޔަލާ އޭނާގެ މަންމަގެ އަޑަށް ބަލާލިއެވެ. މަޑުމަޑުން ބޯޖަހާލަފައި އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. އެއާއެކު ޞާބިރާ ހީކުރީ ޔަލާ މާބޮޑަށް ވަރުބަލިވެފައި ހުރީ ކަމަށެވެ.
“ފެންވަރާލައިގެން އާދޭ ސައިބޯން. މަންމަ މި ސައިހަދަނީ… ކޮންމެވެސް ފެންވަރައިގެން މިގަޑީގައި ނިދަން ނޯށަންނާތި…” ޔަލާއަށް ލިބިފައި ހުރި ލޮޑުކަމުގައި އޭނާ ނިދާފާނެތީ ޞާބިރާ ހަނދާންކޮށްދިނެވެ. ދަޅަމައްޗަށް ނިދުމަކީ ސުންޕާކަމެއްކަމުގައި ޞާބިރާ ޤަބޫލުކުރެއެވެ. އެއީ އޭނާގެ ކާބަފައިންގެ އިރުން ސުރެ އެނގިފައިވާ ގޮތެވެ.
ތާޒާވެލައިގެން އައިސް ސައިބޯލުމުން ޔަލާއަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އެކަނިވެލުމަށް ގޯތީގައި ހުރި ޖޯއްޔަށް ޔަލާ ނުކުތެވެ. އަދި ލަދުރަކި ހިނިތުންވުމެއް ވެރިވެފައި ވުމާއެކު އޭނާ ފޯނުގެ އިސްކުރީނަން ބަލަން އިނީ ދެ ޚިޔާލެއްގައެވެ. ހެނދުނުއްސުރެ ޒަލަފްގެ މެސެޖަކަށް ނޫނީ ކޯލެއް ވިޔަސް ލިބޭނެ އިރަކަށް ޔަލާ އައީ އިންތިޒާރުކުރަމުންނެވެ. ވިސްނަން އިނދެފައި ރަނގަޅު މެސެޖެއް ލިޔެފައި ޒަލަފްއަށް ފޮނުވާލިއެވެ. ޚިޔާލީ ދުނިޔެއްގައި އިނދެ ޒަލަފްގެ ނަން ކިޔަމުން ހިނިތުންވަމުން ދިޔަ ޔަލާ ސިހުނީ ފާރުމަތީގައި އޭނާއަށް ބަލަން އޮތް ކަޅުކުލައިގެ ބޮޑު ބުޅާ ފެނިފައެވެ. ޔަލާއަށް ނުފެނި ފާރުމައްޗަށް އެ ސޮރު އެރިގޮތަކާމެދު ވެސް ސުވާލު އުފެދުނެވެ. އޭގެ ރަތް ދެ ލޮލުން ސިދާ ބަލަން އޮތީ ޔަލާއަށެވެ.
ޑަންޑަންލާފައި ތެޅެމުން ދިޔަ ހިތް މޭފަޅާ ނުކުންނަން އުޅޭ ކަހަލައެވެ. މުށުތެރޭގައި އޮތް ފޯނާއެކު މުށް ބާރުކޮށްލެވުނެވެ. ދެ ލޯ ބޮޑުކޮށްގެން އެ ކަޅު ބުޅަލާ ދިމާއަށް ޔަލާ ބަލަމުން ދިޔައިރު އަޑެއް ވެސް ލައްވާލަން ނުކެރުނީ އެ ސޮރު ފުންމައިގެން އަތުވެދާނެތީއެވެ. ހީވަނީ ޝީކާރައަށް ތައްޔާރުވެގެން އޮތްހެންނެވެ. ޢާއްމުކޮށް ފެންނަ ވަރަށްވުރެ ބޮޑު ބުޅަލެކެވެ. ދަތްއަޅައިފިއްޔާ އެ ސޮރު ދާނީ އެ ތަނަކުން މަސްގަނޑު އިރައިލައިގެންކަން ޔަލާއަށް ވިސްނުނެވެ. ނޭވާ ވެސް ހިފަހައްޓާލައިގެން އިނދެ ސިއްރުން މަޑުމަޑުން ޖޯލިން ދުރަށް ޖެހެން ފެށިއެވެ. ޔަލާއާ އެއްވަރަށް ފާރުމަތީ އޮތް ބޮޑު ކަޅު ބުޅަލުގެ ރަތް ދެ ލޯ އެ ސޮރު ހިންގާލައެވެ.
“ޔަލާ…” ޞާބިރާގެ އަޑުއިވިފައި ޔަލާއަށް އަވަސްއަވަހަށް އެ ދިމާއަށް ބަލާލެވުނެވެ.
“ކިހިނެއްވީ؟” ބިރުން ގޮސް ޔަލާގެ ހުދުވެފައިވާ މޫނު ފެނި ޞާބިރާ ވެސް ކަންބޮޑުވިއެވެ. އަވަހަށް އައިސް ދަރިފުޅުގެ ގާތުގައި ޞާބިރާ މަޑުކޮށްލިއެވެ. އޭރު އޭނާގެ އަތުގައި ޕްލާސްޓިކު ކޮތަޅެއް އޮތެވެ.
“ބަލާބަލަ…” ޔަލާ މިހެން ބުނެ ފާރާ ދިމާއަށް ނަޒަރު ހިންގާލިއިރަށް އަޖައިބުވީ ކުރިން އެތަނުގައި އޮތް ބުޅާ ނެތީމައެވެ. ޔަލާގެ ނަޒަރު ޞާބިރާއަށް އަމާޒުވެފައި ދެން އެނބުރެންވާއިރަށް އެ ސޮރު ރައްކާވީ ކިހިނެއްބާއޭ ޔަލާގެ ހިތަށް އެރިއެވެ.
“މަންމާ… ފާރުމަތީ އޮތް ކަޅުކުލައިގެ ބޮޑު ބުޅާ ނުދެކެންތަ؟ ބަލަން އޮތް ގޮތުން އަހަރެންގެ ގަޔަށް ފުންމާލަން ބޭނުންވެފައި އޮތްހެން ހީވަނީ…” ޖޯލިން ތެދުވެ ފާރާ ދިމާއަށް ބަލަމުން ޞާބިރާއާ ޔަލާ ވާހަކަދެއްކިއެވެ.
“މަންމައަކަށް އެތަނުން އެއްޗެއް ނުފެނުނު… އެ ވާނީ މަންމަ ނުކުން އަޑު އިވިގެން ދުވެ ރައްކާވީ ކަމަށް” ޞާބިރާ ބުންޏެވެ. އެހެންނަމަވެސް ޔަލާއަށް ވެފައި ހުރި ގޮތުން އޭނާ ހިތްހަމަޖައްސާލުމަށް ޞާބިރާ ދޮރޯށި ހުޅުވައި މަގުމަތި ވެސް ބަލާލިއެވެ. އޭނާގެ ފަހަތުން ޔަލާ ވެސް ނުކުތެވެ. އެ ހިސާބުގައި ވެސް ބުޅަލެއް އޮތް ކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ. ޔަލާ އިތުރަށް ޔަޤީންކުރަން ފާރު ކައިރިއަށް ގޮސް ބިންގަނޑު ބަލާ ހެދިއެވެ. އެ ބުޅާ ފުންމާލި ނަމަ ފައިގެ ނިޝާން ފަސްގަނޑުގައި ހުންނާނެކަން އެނގޭތީއެވެ. އެހެންނަމަވެސް އެކަހަލަ އެއްވެސް ކަމެއް ނެތެވެ.
(ނުނިމޭ)