ANDHIREEGE THEREYN [ 01 ]

ފިނިފިނި ރެއެކެވެ. ވިއްސާރައިގެ އަސަރު އެކުލެވިގެންވި ވިލާ ކޮޅުތައް ތުނި ތުނިކޮށް ވެހިލި ވާރޭ އާއިއެކު ދުރުދުރަށް ގޮސް އޮބާލުމާއިއެކުހެން އުޑުމަތި ސާފުވެއްޖެއެވެ. ކަޅުފޮއެ ރެއެއްކަމުން އުޑުގައި ފިޔަޖަހާ ތަރިތަށް ހާމަކަން ބޮޑުގޮތަކަށް މިހާރު ފެންނަން ފަށައިފިއެވެ. ރާޅުޖަހާއަޑާއިއެކު މޫދުން އަރައިގެން އަންނަ ލޮނުވަސްގަނޑުވަނީ ފަޒާގެ ތެރެއަށް އެއްވަހަކަށް ފެތުރިފައެވެ. ދެޖިންސުގެ ޒުވާނުން ޑޫމް ކެފޭތެރޭގައި ހުރި މޭޒުތަކުގެ ދޮށުގައި އޮލަވާހަކައިގައި ތިއްބެވެ. ހޭއަޑާއި ސަމާސާ ކުރާ އަޑުގެ އިތުރުން މުޅިތަނުގައި ހަރުލާފައިވަނީ ސިނގިރޭޓުގެ ވަހާއި ކޮފީގެވަހެވެ. އަންހެން ފިރިހެން ދެޖިންސުގެ ތުނބުންވެސް ދުންއަރުވާތަން ފެންނަމުންދިޔައެވެ. އެއްވެސް ހިޔާލެއް ފިކުރެއްނެތި އެބައެއްގެ ވާހަކައިގައި މަސްޢޫލުވެފައި އެމީހުން ތިއްބެވެ.

ކެފޭގެ ހިޔާނުކޮށް ހުރި ބައިގައި ހުރި ތަނުން މޭޒެއްގެ ދޮށުގައި ޅައުމުރުގެ ހަ ޒުވާނުން ތިއްބެވެ. އެމީހުންގެ ތެރޭގައި ތިބީ އަންހެން ފިރިހެން ދެޖިންސު ހަމަހަމައަށެވެ. ފިރިހެން ކުދިންގެ ތެރެއިން ދެކުއްޖެގެ ތުނބުގައި އިރުއިރުކޮޅާ ޖަހާލާ ސިގިރޭޓު ހުލިވަމުން ދެއެވެ. އެތަނުން އަންހެން ކުއްޖަކު، ގާތުގައި އިން ފިރިހެން ކުއްޖާގެ އަތުގައި އޮތް ސިނގިރޭޓު ނަގާ ތުނބުގައި ޖަހާލިތަން ފެނުނެވެ. އެއާއިއެކު މޭޒު ދޮށުގައި ދެންތިބި އެންމެންގެ ހުނުމުގެ އަޑުން މުޅިތަން ގުގުމައިގެން ދިޔަ ކަހަލައެވެ. އެ ހަ ޒުވާނުން، އެމީހުންގެ އަމިއްލަ ވާހަކައިގައި އެކެފޭގައި ތިބޭތާ ފަސްގަޑިއިރު ފާއިތު ވެގެންދަނީއެވެ. މިހާރު ރޭގަނޑު ބާރަގަޑި ބައިވާން އުޅެނީއެވެ. އަދިވެސް ގެއަށްދާ ޚިޔާލެއް އެމީހުން ނުކުރެއެވެ. އެއްފަހަރަށްވުރެ އަނެއްފަހަރު ދެކެވޭ ވާހަކަ އޮލަވެފައި މަޖާވުމުން އިންތަނުން ފޫހިއްލާލަންވެސް އެމީހުން ހަނދާން ނެތެނީއެވެ.

“އޭތް! އަނެއްކާވެސް ވާރޭ ވެހެން ކަންނޭގެ އެއުޅެނީ، މަގޭ އަތަށް ފެންތިއްކެއް ޖަހައިފި” ބަލްމާ އުޑުމައްޗަށް ބަލާލަމުން ބުނެލިއެވެ.

“މިރޭ ކުޑަކޮށް ވިއްސާރަކޮށެއްނު މިއުޅެނީ، އެހެންވީމަ ހީވާނެ ވާރޭ ވެހެން އުޅޭހެން، ކަނި ޖަހާލަ ޖަހާލަ އޮންނަތާ ކިހާ އިރެއް” މުއާދު، އާންގެ އަތުގައި އޮތް އޭނާގެ ސިނގިރޭޓު ބުރި އަތުލަމުން ބަލްމާއަށް ބުންޏެވެ.

“ބަލްމާ ގެއަށް ދާންވީތަ” ހަމަ އެވަގުތު ދިނާރު ބުނެލިއެވެ.

ދިނާރަކީ ބަލްމާ ރައްޓެހިވެގެން އުޅޭ ކުއްޖާއެވެ. ދެ ޒުވާނުން ދިމާވީވެސް ރަޙުމަތްތެރިއެއްގެ ފަރާތުންނެވެ. ހަމަ މިފަދަ ކޮފީ މޭޒެއްގެ ދޮށުންނެވެ. ބަލްމާ، ދިނާރާއި ރައްޓެހިވިތާ އަދި ވީ އެންމެ ދެމަހެވެ. އެހެންނަމަވެސް ދިނާރަކީ ބަލްމާ ދެކޭ ގޮތުގައި ވަރަށް ހެޔޮލަފާ ޒުވާނެކެވެ. ރީތި ސިފައެއް ލިބިފައިވާ ޒިންމާދާރު ވަޒީފާއެއްގައި އުޅޭ، ބަލްމާއަށް ވުރެ ދެއަހަރު ބޮޑު ޒުވާނެކެވެ. ދެމީހުންވެސް ޤަބޫލު ކުރާ ގޮތުގައި، އެކަކު އަނެކަކުދެކެ ވަނީ ހަޤީޤީ ލޯތްބެވެ. އެހެންނަމަވެސް ދެމީހުންގެ ހަޔާތަށް މީގެ ކުރިންވެސް ލޯބިވެރިން ވަނީ އައިސްފައެވެ. ހަމައެގޮތަށް އެއިން ކޮންމެ ފަހަރަކު ލޯބިވެސް ވެއެވެ.

“މަންމަ ވަރަށް ގިނަ ފަހަރު މަތިން ގުޅައިފި، ބާރަވެސް ޖަހައިފި އެންނު، ގެއަށް ދާއިރަށް ބޮޑު ބޮމެއް އަޅާނެ، ދޯ ބައްތު” ބަލްމާ ކޮންމެވެސް ވަރަކަށް ކަންބޮޑުވެފައި އިނދެ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮއަށް ދޯ ދިނެވެ.

އުމުރުގައި އެންމެ އަހަރެއްގެ ތަފާތު ހުރި ބަލްމާ އާއި ބަތީލަކީ، އާދައިގެ ދިރިއުޅުމެއް އުޅެމުންދާ ޢާއިލާއެއްކަމަށްވާ، ބަހާރީގޭ، އަންބަރަށާއި ދާރާއަށް ލިބުނު ހަތަރު ކުދިންގެ ތެރެއިން ހަގު ދެކުދިންނެވެ. ދާރާ އެންމެ ލޯބިވަނީވެސް އޭނާއަށް ލިބުނު ހަގު ދެދަރިންދެކެއެވެ. އެންމެ ފޮނި އުންމީދު ތަކެއްވެސް ކުރެވުނީ އެކުދިންނާއި މެދުއެވެ. އެހެން ކުދިންނަށް އަޅާލެވުނު ވަރަށްވުރެ ބޮޑަށް ހަގު ދެކުދިންނަށް އަޅާލުމާއި ލޯބި ދިނެވެ. ކިޔަވާ މޮޅު ކުދިބަޔަކަށް ހެދުމަށް އެތަށް ޚަރަދެއް ކުރެވުނެވެ. އެހެންނަމަވެސް މިއަދު ދާރާގެ ހުރިހާ މަސައްކަތެއް، ފޫނެއް ބާލިދީއަކަށް ފެން ފުރުން ކަހަލަ ކަމަކަށް ވެގެން ހިނގައްޖެއެވެ. ސްކޫލު ނިމުނު އިރު ރަނގަޅު ވަޒީފާއެއް ލިބޭ ވަރަށް ދެކުދިންނަށް ކިޔެވިފައެއް ނެތެވެ. ނަތީޖާގެ ދަށްކަމުން އިންޓަރވިއު ގަނޑަކަށްވެސް ދާނެ ފުރުޞަތެއް ނުލިބެއެވެ. އެހެންނަމަވެސް އަދިވެސް އެކުދިންނަށް ދާރާ ނަސޭޙަތްދެއެވެ. އޭނާއަކީ ވިޔާނުދާ އަންހެނެއް ނޫނެވެ. އަދި ގޭދޮށު މީހުންނަށްވެސް މަދު ފަހަރަކު ނޫނީ ނުފެންނާނެއެވެ. ދީނުގެ ކަންތައްތަކަށް ލޯބިކުރެއެވެ. އެހެންނަމަވެސް ބަލްމާ އާއި ބަތީލްގެ އުޅުން މުޅިން ތަފާތެވެ. އެކުދިންނަށް ދަސްވެފައިވަނީ ކާކުގެ އުޅުމެއްކަމެއް ދާރާގެ ވިސްނުމަކަށް ނާދެއެވެ. ރެޔާއި ދުވާލު ގިނަ ވަގުތު ގޭން ބޭރުގައި ހޭދަކުރަން ދަސްވެފައިވަނީ ކީއްވެކަމެއް ނޭނގެއެވެ. އެންމެ ކުޑައިރުއްސުރެ ގެންގުޅުނީ ދާރާގެ ފަހަތު ލައިގެންނެވެ. އެކަނި ގޭ ކުރިމަތީ ހުންނަ ފިހާރައަށްވެސް ނުފޮނުވައެވެ. ވީއިރު ހަގު ދެކުދިންގެ އުޅުމަށް ބަދަލުތަކެއް އަންނަންވީ ކީއްވެ ހެއްޔެވެ. ދާރާއަށް ކުރެވޭ އެންމެ ބޮޑު ފިކުރަކީ އެއީއެވެ.

ކޮޓަރީގައި އިނދެފައި ސިޓިން ރޫމަށް ނުކުތީ ބޭރު ދޮރު ހުޅުވާލި އަޑު ކަހަލަ އަޑެއް ދާރާއަށް އިވިގެންނެވެ. ނަމަވެސް އެއީ އޭނާއަށް ހީވި ހީވުމެކެވެ. މާޔޫސްވެފައި އަތުގައި އޮތް މޯބައިލުން ދަރިފުޅު ބަތީލުގެ ނަންބަރަށް ގުޅާލިއެވެ. ރިންގުވުމާއިއެކު ކޯލު ބިޒީ ކޮއްލައިފިއެވެ. އަނެއްކާވެސް ދާރާ ގުޅާލިއެވެ. މިފަހަރު ގުޅީ ބަލްމާގެ ފޯނަށެވެ.

“ކޮބާ އަންނާކަށް ނުވޭތަ، ގަޑިން ވީއިރު ކަލޭމެންނަށް އެނގޭތަ، ތީ ކޮންއިރަކު ގޭން ނުކުމެގެން ދިޔަ މީހުންތަ….” ބަލްމާ ފޯނު ނެގުމާއިއެކު ދާރާއަށް ރުޅި އާދެވުނެވެ.

“މިދަނީ، މަންމާ، މިދަނިއްޏޭ… ގޭ ކައިރީގަ މިތިބީ، މިވަންނަނީ” ބަލްމާ އޭނާގެ މަންމަ ވާހަކަ ދައްކާނެ ފުރުޞަތު ނުދީ އަވަސް އަވަހަށް ބުނެލިއެވެ. އަދި ފޯނު ކަނޑާލިއެވެ.

“އޭތް! ދެންވެސް ހިނގާބަލަ މިތަނުން ތެދުވެގެން ދާން، އެންމެނަށް ގެއާ ހަމައަށް ދެވޭނީ އަދި ކޮންއިރަކުން، މަށެއް ދެން މިތާކު ނީންނާނަން، ބަތީލު، ކަލޭ އިންނަންޏާ އިނދޭ، މަމިދަނީ” ބަލްމާ ފުންމައިގެން ތެދުވިއެވެ. އެހިނދު ދިނާރު ބަލްމާގެ އަތުގައި ހިފިއެވެ.

“މިތެދުވަނީ، ބިލް އަންނަން ދެން މަޑުކޮއްލަ ދީ” ދިނާރު މިހެން ބުނުމުން ބަލްމާ އަލުން އިށީނދެއްޖެއެވެ.

“ދައްތަ ހީވާނީ މޮޔަވެގެން އުޅޭ މީހެއްހެން، މަންމަ އެނޫން ރެއެއް ނުދެއެންނު، އަހަރުމެން ތިބެން ޖެހޭނީ ގޭބަންދުވެފަ، މިޒަމާނުގަ އެހެން އުޅޭނީ ކާކުތަ، އަހަރުމެން ސްކޫލުވެސް ނިމިފަ މިތިބީ، ދެން ކީއްކުރަންތަ އަބަދު އަހަރުމެން އުޅޭގޮތެއް ބަލަންވީ، މަ ވަރަށް ފޫހިވޭ މަންމަ އެހެން އުޅޭތީ، ދެން މިރޭ ގެއަށް ގޮއްސަ ނިދާލެވޭވަރު ނުވާނެ، ބަވާ ބަވާވެސް… ހިތަށް އަރާ ގޭން ނުކުމެގެން ދާންވީއޭ” މޫނު ހަދާލައިގެން އިން ބަތީލު ބުނެލިއެވެ.

“ވަރަށް ހީވޭ ބައްތުއަށް ކެރޭނެހެން، ފޮނި ކުއްޖާ” މިންހާޖު ސަކަ ހިނިގަޑަކާއިއެކު ބުނެލިއެވެ. އޭރު ކެފޭގެ ވެއިޓަރެއް ބިލުގެނެސް މޭޒުމަތީ ބާއްވަނީއެވެ.

ޑޫމް ކެފޭ ތެރެއިން ނުކުތް ހަ ޒުވާނުން ޖޯޑު ހަމަ ކޮއްލުމާއިއެކު ކޮންމެ މީހަކު ރައްޓެހިވެގެން އުޅޭ އަންހެން ކުއްޖާގެ ކޮނޑުގައި އަތްއަޅުވާލައިގެން ތިބެ ކުރިމަތިން ފެންނަން އޮތް މަގުން ހިނގަމުންދިޔައެވެ. މަގުގައިވާ ހަމައެކަނި އަލިކަމަކީ ބައެއް ގޭގެއިން މަގަށް އެޅިފައި ހުރި ފަނޑު އަލިކަން އެކަންޏެވެ. މަގުގެ އަނެއްފަރާތުން ފެންނަމުންދިޔައީ ހެދިފައި ހުރި ކުރެދިގަސްތަކާއި މަގޫގަސްތަކެވެ. އެގަސްތަކުގެ ތެރެއިން އެއްރާގަކަށް ގޮނޑުދޮށުގައި ބީހެމުންދާ ރާޅާއި ގުޅިފައިވާ މޫދެވެ. މަގަށް ވެރިވެފައި އޮތް ހިމޭންކަން މުގުރަމުންދިޔައީ އެމީހުންގެ ހުނުންތަކާއި ސަމާސާތަކުގެ އަޑުންނެވެ. ދޭތެރެއަކުން ބާރަށް ހަޅޭލަވައިގަތުމާއިއެކު ކޮންމެވެސް މީހަކު އަތިރިމަތީގައި ހުރި މަގޫގަސްތަކާއި ދިމާލަށް ކޮއްޕާލާނެއެވެ. ނޫނީ ހުސްކޮށްއޮތް މަގުގައި ދުވަމުން އަތްލާ ކުޅެމުން ދެއެވެ. މިއީ ކޮންމެ ރެއެއްގެ ހެން އާދައެވެ. ފެންނަ ކޮންމެ މީހަކަށް ހީވާނީ އެއީ ވިޔާނުދާ ކުދިބައެއްހެންނެވެ.

މަޑުމަޑުން ސިއްރު ސިއްރުން ބަތީލު ގޭޓު ހުޅުވާލުމާއިއެކު ފަސްވަރަކަށް ފިޔަވަޅަށްފަހު ސިޓިން ރޫމަށް ވަދެވެން ހުރި ދޮރުގެ ތަޅުވަޅަށް އަތްދަބަހުން ނެގި ތަޅުދަނޑި ޖަހާލިއެވެ. އެވަގުތު ބުޅަލެއް ގޮވާލިއަޑު އިވި ސިއްރުން އުޅުނު ދެއަންހެން ކުދިން ސިހުނެވެ. ވަށައިގެން ވެރިވެފައިވާ އަނދިރިކަމުގެ ތެރެއަށް ލޯ ހިންގާލުމާއިއެކު ހެން ބަތީލަށް ފާރުމަތިން ފަރިކޮށް ހިނގާލާފައި ދާ ބުޅަލެއް ފެނުނެވެ.

“ހުއް، ވަރަށް ފޫހިވޭ، ތިއޮށްގޭ ތެރޭ އުޅޭ ބުޅާ ގަނޑު އެއީ” ބަތީލު މިހެން ބުނެ އަވަސް އަވަހަށް ތަޅު ހުޅުވާލިއެވެ. ސިޓިން ރޫމަށް ދެކުދިންވެސް ދެމިގަތީ ހަލުވިކަމާއިއެކުއެވެ. އަދި ފަހަތުން ދޮރު ލައްޕާ ލާފައި އަވަސް އަވަހަށް ކޮޓަރި އާއި ދިމާލަށް ހިނގައިގަތް ވަގުތު ސިޓިން ރޫމު ސޯފާގައި ޖައްސާލި ގޮތަށް ނިދިފައި އޮތް ދާރާ ފެނުނެވެ. ކުރިއަށްވުރެވެސް ސިއްރު ފިޔަވަޅު ތަކެއް އަޅަމުން ބަލްމާ އާއި ބަތީލު ގޮސް އެމީހުންގެ ކޮޓަރިއަށް ވަނެވެ.

“ނަސީބެއް މަންމަ ނިދާފަ އޮތްކަން” ލައިގެން ހުރި ހެދުން ނިދާ ހެދުމަށް ބަދަލު ކޮއްލަމުން ބަތީލު ބުނެލިއެވެ.

ދެކުދިންވެސް އަވަސްވެގަތީ އެނދަށް އެރުމަށެވެ. ދާރާއަށް ހޭލެވިގެން އެކޮޓަރި ބަލަން އަންނާނެ ކަން ޔަގީނެވެ. އެހެންވެ އަންނަންވާއިރަށް ނިދާފައި ކަމަށް ހެދިގެން ތިބެން ބޭނުންވީ ދާރާ ކިޔާނެ އެއްޗެހިން ސަލާމަތްވުމަށެވެ. އެނދުގައި އޮށޯވެވުމާއިއެކު ދެކުދިންވެސް ނިދުމުގެ ބަދަލުގައި އަވަސްވެގަތީ ފޯނުން މިގަށް ވަންނާށެވެ. މިގުގެ ގްރޫޕުތަކަށް ވަންއިރު ހުރިހާ އެކުވެރިންހެން އެގަޑީގައި ވަނީ މިގަށް ޖަމާވެފައެވެ. ފޫހިކަމެއްނެތި އެކަކަށް ގޮވާލާފައި އަނެކަކަށް ގޮވާލާފައި ރޭގަނޑުގެ ވަގުތުތައް ފާއިތުވަމުންދިޔައެވެ.

ސިއްސައިގެން ދިޔަ ދާރާއަށް ހޭލެވުނީ ސިޓިން ރޫމު ބޭރުން ބިއްލޫރިތަކެއް ތަޅައިގެން ދިޔަފަދަ އަޑެއް އިވިގެންނެވެ. ފުންމައިގެން ތެދުވިގޮތަށް ވަށައިގެން ނަޒަރު ހިންގާލެވުމާއިއެކު ފާރުގައި ހުރި ބޮޑު ގަޑިއަށް ބަލާލެވުނެވެ. ގަޑިން ތިނެއް ޖަހަނީއެވެ.

“ބިއްލޫރިތަކެއް ތަޅައިގެން ދިޔަ އަޑު އިވުނީ، މިގަޑީގަ… އެވާނީ މަގުމަތީގައި ގުރޫޕެއް ނުބައި އަރުވަން އުޅެނީކަމަށް… ބަލްމާ، ބަތީލް” ދާރާ ހަނދާންވީ ދެނެވެ. އަވަސް ފިޔަވަޅުގައި ހަލުވި ކަމާއިއެކު ގޮސް އެދެކުދިންގެ ކޮޓަރި މަޑުމަޑުން ހުޅުވާލިއެވެ. ފަނޑު އަލިކަމުގެ ތެރެއިން ދެއެނދުގެ ރަޖާ ދަށުގައި ދެކުދިން ތިބިކަން ފާހަގަ ކުރެވުނެވެ. އެހެންނަމަވެސް ދާރާ ޔަގީން ކުރަން ބޭނުންވިއެވެ. އެހެންވެ ކޮޓަރީގެ ހޮޅިބުރި ދިއްލާ ލުމާއިއެކު ދެކުދިންނަށް ރަނގަޅަށް ބަލާލުމަށްފަހު ހޮޅިބުރި ނިތްވާ ލާފައި ބިސްމިކިޔާ ދޮރު ލައްޕާ ލައިފިއެވެ.

“ބޭރުގަ އުޅެ އުޅެފަ ނޭނގެ ދެފައި ދޮވެލާފަ ކަމެއްވެސް އެނދަށް އަރާ އެތިބީ، ކޮންތާކު އުޅެފަ ކަމެއްވެސް ނޭނގެ އެއައީ، މަށަށް ނިދުނީމަ ތިބޭނީ ވަރަށް އުފާވެފަ… ޕިސް، ޕިސް، ޕިސް، ބޯ ހަލާކު، ކޮން ކަހަލަ އުޅުމެއްތަ ލިބިފަ އެތިބީ، ހެނދުނުން ހޭލާނީ ކޮންއިރަކު ކަމެއް ނޭނގެ، ރަނގަޅަށް ވެއްޖެއްޔާ ނިދާފައެއް ނޫންކަންނޭގެ އެތިބީ” ދާރާ އެކަނިމާ އެކަނި ވާހަކަ ދައްކަމުން ސިޓިން ރޫމުގެ ހޮޅިބުރި ނިވާލާފައި ނިދާބޮކި ޖައްސާލިއެވެ. އަދި އެނބުރި އޭނާގެ ކޮޓަރިއަށް އައިސް ވަނެވެ. އޭރު އަންބަރު އޮތީ ގަދަ ނިދީގައެވެ.  ދަރިންގެ ކަންތައްތަކުގައި އެއްވެސް އިރެއްގައި މާބޮޑު ސަމާލުކަމެއް އަންބަރުގެ ފަރާތުންނެއް ނުލިބޭނެއެވެ. އެހެންވެ ދާރާއަށްވެސް ހީވެފައި އޮންނަނީ ކުދިން ބެލުމަކީ ގޭގައި އިންނަ އަނބިމީހާއަށް ހަވާލުވެފައި އޮންނަ ޒިންމާއެއް ކަމުގައެވެ. ނަމަވެސް ކުދިންގެ އުޅުން ގޯސްވަމުން ދާތީވެ ދާރާ އެކަމާ އަންބަރާއި މަޝްވަރާއި ކުރާލެއް މަދެއްވެސް ނޫނެވެ. ކޮންމެ ފަހަރަކުވެސް އަންބަރުގެ ފަރާތުން ލިބެނީ އެއްޖަވާބެކެވެ.

“މިހާރު އެއީ ކުޑަކުދިންނެއްނޫން، އަހަރުމެންނަށް ކޮށްދެވޭނޭ ވަރު އެތިބީ ކޮއްދީފަ، ކިޔަވާދޭން އަހަރުމެން މަސައްކަތް ކޮއްދިނީމަ ނުކިޔެވުން އެއީ އެމީހުންގެ އަމިއްލަ ކަމެއް، އަންހެން ކުދިންނަށްވެ ތިބެ ދެރަކަމެއް ވެގެން މިގެއަށް އަޔަސް މަށެއް ހުއްދައެއް ނުދޭނަން މިގޭ ހަތަރު ފާރުގެ ތެރެއަށް ވައްދާކަށް، އެ ދެކުދިން ނޫނަސް އަހަރުމެންގެ ދަރިން އެބަތިބި، އެފާޑަކަށް ނޫޅޭ، އަހަރެންގެ ބޯ ހާސް ކުރުވަން ދާރާ ތިވާހަކަ ދައްކާނެ ކަމެއް ނެތް، ދާރާއަށް ފެންނަ ގޮތަކަށް ކަންތައް ކުރޭ، ދެފައި ކަށިމަތި ބިންދައިލައިގެން މައިތިރި ކުރެވެންޏާ، އެކަންވެސް ކުރޭ، ދާރާ އެންނު އެމީހުން ބަލަން ގޭގަ ހުންނަ މީހަކީ، މާ ކަންތައް ބޮޑުވަންޏާ މީހަކާ ދެވާ” މީ އާދަވެގެން އަންބަރުގެ ވާހަކަ ހުންނަ ގޮތެވެ.

“ބެލް، އޭތް! ދައްތާ… ނިދީތަ” ބަތީލު އަތުގައި އޮތް ފޯނު އެއް ފަރާތް ކޮއްލަމުން ކުރުއަތްމައްޗަށް ތެދުވެ ބަލްމާއަށް ގޮވާލިއެވެ.

“ހޫމް… ވަރަށް ނިދިއައިސްފި، މަމި ނިދަނީ” ބަލްމާ ނިދިގަދަވެފައި އޮތް ކަހަލަ ގޮތަކަށް ބުނެލިއެވެ.

“ދައްތާ، މަންމަމެން ފުރަން އެއުޅެނީ، މަށެއް ބޭނުމެއްނޫން ދާކަށް މަންމަ އާއިއެކު، މޮޅު ޚިޔާލެއް ދީބަލަ” ބަތީލު ތުންދަމާލަމުން ބުނެލިއެވެ.

ބަލްމާ އެއްޗެއް ބުނި ނަމަވެސް އޭނާ ކީ ނުކީއެއް ބަތީލަކަށް ސާފެއްނުވިއެވެ. ބަލްމާ ނިދަން ފުރުޞަތު ދީފައި ބަތީލު އަނެއްކާވެސް އޮށޯވެ ފޯނަށް ބަލަން ފެށިއެވެ. އޭނާގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނުވެއެވެ. ދުވާލު ނިދަން އާދެވެފައި ހުރުމުން ރޭގަނޑު ނިދުމަކީ އެއްގޮތަކަށްވެސް ފަސޭހަކަމަކަށް ނުވެއެވެ. ލޮލަށް ބޭނުންވާ އަރާމު ލިބޭނީ ރޭގަނޑު ނިދުމުންކަން އެނގޭއިރުވެސް އެކަމަށް ފަރުވާލެއް ނުދެއެވެ.

އެނދު ކައިރީ ހުރި ސައިޑް ޓޭބަލްގެ މަތިން އެލާމު އަޅަން ފެށުމާއިއެކު ސިއްސައިގެން ދިޔަ ދާރާއަށް ފުންމައިގެން ތެދުވެވުނެވެ. އެފަދަ ގޮތަކަށް ހޭލެވުމުން ރުޅި އަންނަގޮތްވެސް ވިއެވެ. އެހެންނަމަވެސް އެއީ ކޮންމެ ރެއެއްގެ އާދައެވެ. އަންބަރު ނިދަން އޮށޯންނާނީ އޭނާ އޮންނަ ފަރާތުގެ ސައިޑް ޓޭބަލް މަތީގައި އެލާމު ގަޑި ބަހައްޓާފައެވެ. ކޮންމެ ރެއެއްގެ ފަތިހު ހަތަރު ގަޑި ބައިވާ އިރަށް އެގަޑި އެލާމު ވާން ފަށާނެއެވެ. ނަމަވެސް އެންމެ ރެއަކުވެސް އަންބަރަކަށް ހޭލެވޭ ކަމަކަށް ނުވާނެއެވެ. ދާރާ އެނދުން ތެދުވެގެން އައިސް ގަޑީގެ އެލާމު ނިތްވާލަމުން އަންބަރަށް ގޮވާލިއެވެ.

“އަންބަރު، އެލާމު ވެއްޖެ، ތެދުވަންވީނު” ދާރާ މަޑުމަޑުން އަންބަރުގެ ކޮނޑުގައި ކޮއްޓާލަމުން ބުނެލިއެވެ.

“އާން، އާން… މިހޭލީ” ނިދިގަދަ ވެފައި އޮތް އަންބަރު ކުޑަކޮށް ލޯ ހުޅުވާލުމާއިއެކު ބުނެލިއެވެ. ދާރާ އަލުން އެނދުގައި އޮށޯތުމުގެ ބަދަލުގައި ފާޚާނާ އާއި ދިމާލަށް ދިޔައީ ފަތިސް ނަމާދަށް ތައްޔާރުވެލުމަށެވެ.

ފަތިސް ނަމާދުން އައިސް އަންބަރު އެނދުގައި ޖައްސާލީ އޮފީހަށް ދާގަޑު ޖެހުމުން ގޮވާލަން ދާރާގެ ގާތުގައި އެދިފައެވެ. އޭރު ދާރާގެ ދުވަސް ފެށިއްޖެއެވެ. ހަފްތާގެ ފުރަތަމަ ދުވަސް ކަމަށްވާތީ އަންބަރު އޮފީހަށް ދާންވާއިރު ގަމީހަކާއި ފަޓުލޫނެއް އިސްތިރިކޮއްލުމާއިއެކު ގެންގޮސް އަލަމާރީގެ ދޮރުފަތުގައި ފެންނާނޭ ގޮތަށް އަޅުވާލާފައި ބެހެއްޓިއެވެ. އަދި ސިޓިން ރޫމާއި އެކުވެގެން ހުރި ބަދިގެއަށް ވަދެ ހެނދުނުގެ ނާސްތާ ތައްޔާރު ކުރަން އަވަސްވެގަތެވެ.

ސިޓިން ރޫމުގައި ހުރި ކުޑަދޮރުތަކުން ބައެއް ކުޑަދޮރު ހުޅުވާލައިގެން ހުރެ ދާރާ ރޮށި ދަމަމުން އަދި ފިހެމުންދިޔައެވެ. އޭރު އުނދުނުގެ ދެން ހުރި ބަޔަށް ރޭހުރި ގަރުދިޔަ ކޮޅު ހޫނު ކުރަން އުދާފައި ހުއްޓެވެ. ސިންކުގެ ތެރޭގައި ރޭ ބަތްކެއްކި ތެލި ދޮންނަން ލާފައި ހުރިއިރު އެތާކައިރީގައި ބޯތައްޓެއްގައި ކޮށާފައި ހުރި ފިޔަ އާއި، މިރު ހާއި، އަދި ހިކަނދިފަތާ ރާނބާފަތް އަޅާފައި ހުއްޓެވެ. ހީވަނީ ކޮންމެވެސް އެއްޗެއް ކައްކަން ތައްޔާރުކޮއްފައި ހުރިހެންނެވެ. އެންމެ އިރުކޮޅަކަށްވެސް ހުއްޓުމެއްނެތި ދާރާ އެއްކަމެއް ކޮއްލާފައި އަނެއްކަމެއް ކުރަމުން ދިޔައިރު އަންބަރުގެ މަތިން ހަނދާންކޮށް އިރުއިރުކޮޅާ ފާރުގައި ހުރި ގަޑިއަށް ބަލާލައެވެ.

“ސައިހަދައިދެންތަ” ކޮޓަރީގައި ހުރެ ތައްޔާރު ވަމުންދިޔަ އަންބަރުގެ ގާތުގައި ދާރާ އަހާލިއެވެ.

“ނޫން، އޮފީހަށް ގޮސް ސައިބޯލާނީ” އަންބަރު ބުނެލިއެވެ.

“އަންބަރު، އަހަންނަށް ރުފިޔާއެއް ދީފަ ދައްޗޭ، މެންދުރު ސަޓަނިކޮޅެއް ހަދާލަންކަމަށް، ޒުލޭހާ އާއި އޭނާގެ ކުދިން މެންދުރު އަންނާނެ ވާހަކަ ބުނެފަ އެންނު އޮތީ” ދާރާ ހަނދާންކޮއްލަ ދޭފަދަ ގޮތަކަށް ބުންޏެވެ.

“އާން، އެކަމަކު މިދިޔަ ހަފްތާގައި ގެނައި ތަރުކާރީ ކޮޅު ހުސްވީތަ” އަންބަރު ގަޔަށް ސެންޓު ބުރުވާލަމުން ބުނެލިއެވެ.

“ތިބުނީ މިދިޔަ ހަފްތާގައޭ، އަލަމާރީގައި ކިއުކަމްބާ ގަނޑެއްވެސް ނުބޭއްވޭނެ ބަލްމާ އާއި ހެދި، އެމަންޖެ ކާލާނެ، އަނެއްކާ މިދިޔަ ހުކުރުގަވެސް ބޭނުންކުރީ ހަމަ އެތަރުކާރީ، ނެތީމަ އޭ މިބުނީ، ބަޔަކު އަންނައިރު ސުފުރާމަތި ފަޅުވުމަކީ އަހަރެން އެހާ ބޭނުންވާ ގޮތެއް ނޫން، އަނެއްކާ މިހާރު ނުލިބެނީއެއްވެސް ނޫނެންނު” އެނދުގައި އިށީނދެލައިގެން އިނދެ ދާރާ ބުނެލިއެވެ.

“އަން، މިވަގުތު އޮތީ މިވަރު، މިއަދު އެކޮޅަށް ގޮސް ބޭންކުން ރުފިޔާކޮޅެއް ނަގާނަން، ދާރާ، ހާދަ ހޫނެކޭ ދޯ މިހާރު މިވަނީ، ހިތަށް އެބަ އަރާ އޭސީ ކުރަންވީއޭ” އަންބަރު ފައްސަތޭކަ ރުފިޔާ ވޮލެޓުން ނަގާ ދާރާއަށް ދިއްކޮއްލަމުން ބުންޏެވެ. އަދި އަތުން މޫނަށް ވިހެމުން ކަހަލަ ގޮތަކަށް އަތް ހޫރުވަމުން ކޮޓަރިން ނުކުތެވެ. އޭނާގެ ފަހަތުން ދާރާވެސް ނުކުތެވެ.

“ވަރަށް ހޫނު ދުވަސްކޮޅެއްމީ، އިރާކޮޅު ވެހެލި ވާރޭ އާއިހެދި އަދި ވަކިން ހޫނު އަރާހެން ހީވަނީ، އެކަމަކު އަހަރުމެންގެ ކޮޓަރި އޭސީ ކުރަން ވާނީ ހަގު ދެބެންގެ ކޮޓަރި އޭސީ ކޮއްފައެންނު، ބިންޏާ އޭނާގެ ކޮޓަރި އަމިއްލައަށް އެހެރީ އޭސީ ކޮއްފަ” އަންބަރުގެ ފަހަތުން ދިޔަ ދާރާ ބުންޏެވެ.

“އެމީހުން އެ އުޅުން އުޅޭހާ ދުވަހަކު އަހަރެން ނުވޭ ރަނގަޅަކަށްވެސް ކަމެއް ކޮއްދޭ ހިތެއް، އަރާމުގަ ގެންގުޅެގެން ވާނެ ފައިދާއެއް ނެތް، ބިންޏާ އާއި މުނީބު ކަހަލަ ރަނގަޅު ދެކުދިންނަށް މިކުދިންވެސް ވިނަމައޭ ހިތަށް އަރާ” އަންބަރު ސިޓިން ރުމޫ ދޮރު މަތީގައި ހުރެ ބޫޓަށް އަރަމުން ބުނެލިއެވެ.

“އެހެންވިޔަސް އަހަރުމެންގެ ދަރިން އެއީވެސް، އެކުދިން އެހޫނުގައި ތިއްބާ އަހަންނަކަށް ނުކެރޭނެ އޭސީ ކުރި ކޮޓަރީގަ ނިދާކަށް” ދާރާ ދެރަވެފައި ބުނެލިއެވެ.

“އެކަން އެނގެޔޭ އަހަންނަށް، ދެން އަހަރެން ދަނީ، މެންދުރު އާދެވޭނެ ކަމުގެ ޔަގީންކަމެއް ނުދެވޭނެ، އެކަމަކު އާދެވުނިއްޔާ އަންނާނަން އެނގޭ” އަންބަރު އޮފީހަށް ދާން ގޭން ނުކުންނަމުން ބުނެލިއެވެ. ދާރާ އަންބަރުގެ ފަހަތުން ގޭޓާއި ހަމައަށް ދިޔައެވެ. އަދި އަންބަރު ސައިކަލަށް އަރާ ދުއްވާލަންދެން ބަލަން ހުރެފައި އެނބުރި ގެއަށް ވަދެ ގޭޓު ލައްޕާލިއެވެ.

“ގަސްތަކަށް ފެންދޭން އުޅެންވީ ދޯ، މިއޮށް ބޮޑު ލުނބޯ ގަހަށް މިވަނީ ކިހިނެއްތަ” ގޯތި ތެރެއަށް އެޅިފައި ހުރި ފަތްތަކަށާއި އެކި ހިސާބުގައި އިންދާފައި ހުރި ގަސްތަކަށް ނަޒަރު ހިންގާލަމުން ދާރާ އެކަނި ހުރެ ވާހަކަދެއްކިއެވެ. ގޭޓު ކައިރީ ފާރުގައި ލައްކޮއްލާފައި ހުރި އިލޮށިފަތި ހިފައިގެން އައިސް ގޯތިތެރޭގެ ހުސްތަން ރީތިކޮށް ސާފުކޮއްލުމުގެ މަސައްކަތް ފެށިއެވެ. އެގޭގައި ވައްތަރު ވައްތަރުގެ އެކިކުލަ ކުލައިގެ މާގަސްތައް ޕޮޓުތަކުގައި އިންދާފައި ހުއްޓެވެ. އަދި ހެދިފައި ހުރި ބޮޑު ލުނބޯ ގަހަކާއި، ފޭރު ގަހަކާއި، ކަނީރުމާ ގަހެއް ހުރެއެވެ. އޭގެ އިތުރުން ހިކަނދިފަތާ، ރާނބާ އާއި، މިރުހުގެ ދެވައްތަރުވެސް އިންދާފައި ހުރެއެވެ. ހެނދުނު ގޯތިތެރެއަށް ނުކުންނަ އިރު ހީވާނީ މުޅިތަނުގައި ހުވަނދު ލާފައި އޮންނަހެންނެވެ. އެއީ ގޭޓުމައްޗަށް އަރާގޮތަށް ވަށައިގެން ގޮފިތައް ފެތުރޭނޭ ގޮތަށް ހަދާފައި ހުރި ހުވަނދުމާ ގަހުންނެވެ. އެއްފަރާތެއްގައި ދެތިން ސަރަންފީ އާއިއެކު ކުޑަމޭޒެއް ބަހައްޓާފައި ހުރިއިރު އެތަނަށް ހިޔާއެޅިފައި އޮންނަނީ ބޯކޮށް ފެތުރިފައި އޮންނަ ފެޝަންފުރު ވެލުންނެވެ. އެހުރިހާ ގަސްތަކެއް އެހާ ފުރިހަމައަށް ހެދެމުން އަންނަނީ ދާރާގެ ކުޅަދާނަ ކަމުންނެވެ. އަބަދުވެސް ގަސްއިންދަން ލޯބިކުރާ ދާރާއަށް ބޭނުންވާނެ ހުރިހާ އެއްޗެއް އަންބަރު ހޯދާދެއެވެ. މަސައްކަތްތެރި މުރާލި އަންހެނެއް ވީމަ ނުކުރެވޭނެ ކަމެއް ނޯންނާނެ ތާއެވެ. ކުނިކަހާ ނިމުނު ދާރާ ދެތިން ތަނަށް ކުނި އެއްކޮށްލުމަށްފަހު ގޭތެރޭން ތަންކޮޅެއް ބޮޑު ޕްލާސްޓިކު ކޮތަޅެއް ހިފައިގެން އައިސް ކުނިތައް ނަގާ ބޭރަށް ނެރެފައި ހުރި ފެންއިސްކުރަށް ޖަހާފައި އޮތް ހޮޅިން ގަސްތަކަށް ފެންދޭން ފެށިއެވެ.

ދުރުގައި ހުރި މީހެކެވެ. ބަލަނީ ބަތީލަށް ކަން ޔަގީނެވެ. އެކަމަކު އޭނާގެ ލޯ ނުފެންނަނި ކީއްވެ ހެއްޔެވެ. މުޅި މީހާ ހީވަނީ ހިޔަންޏެއް ހެންނެވެ. ދެއަތާ ބޮލަކާ ކަރަކާ އެބަހުރިކަން އެނގެއެވެ. އެހެންނަމަވެސް ފައިކޮޅަށް އައިސް ހީވަނީ އެކަތި ގަނޑެއް ހެންނެވެ. ބަތީލު ހާސްވާގޮތްވާންފެށިއެވެ. ނިތްކުރިން ދާހިތްލާ މުޅި މީހާއަށްވެސް ހޫނުވާން ފަށައިފިއެވެ. އެތަނުގައި ނުހުރެ އެހެން ދިމާލަށް ދާން އޭނާ ބޭނުންވިއެވެ. އެހެންނަމަވެސް ވަށައިގެން އެނބުރި ހޯދާ ހެދި އިރުވެސް ދާނޭ މަގެއް، ނޫނީ ދެވޭނޭ ގޮތެއްވެސް ފެންނާކަށް ނެތެެވެ. ވަށައިގެން ހީވަނީ ބެދިފައި ހުންނަ ހެންނެވެ. ދެންވެސް ބަތީލަށް ބަލާލެވުނީ އެއްކަލަ ހިޔަންޏެއް ހެން ހުރި މީހާ ކޮބާތޯއެވެ. މިހާރު ދުރުގައި އެހުރީ އަންބަރެވެ. އަންބަރު އެތަނުގައި ހުންނަންވީ ކީއްވެ ހެއްޔެވެ. ބަތީލު އޭނާގެ އަމިއްލަ ނަފްސާ ސުވާލު ކުރަމުން ވާހަކަދެއްކިއެވެ. އޭނާގެ އަނގައިން އަޑެއް ނުނިކުމެއެވެ. އަންބަރުގެ ގާތަށް ދާން ބަތީލުގެ ހިތަށް އެރުމާއިއެކު ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. އެހިނދު ފުރަގަސް ދީގެން ހުރި އަންބަރު ބަލާލިއެވެ. ބަތީލަށް ބިރުން ތެޅިގަނެވުނެވެ. އެއާއިއެކު ކުރިއަށް އެޅި ފިޔަވަޅުވެސް ފަހަތަށް އެޅިއްޖެއެވެ. ދެލޯ ބޮޑުކޮއްގެން ހުރި އަންބަރަކީ ބަތީލުގެ ބައްޕަ ކަމާއިމެދު ޚުދު ބަތީލަށްވެސް ޝައްކު އުފެދިއްޖެއެވެ. ބިރުވެރި ގޮތަކަށް އަނގައިން ނުބުނެ ހުރެ އާދަޔާއި ހިލާފަށް ދެލޯ ބޮޑުކޮއްގެން ހުރެ އަންބަރު، ބަތީލާ ދިމާލަށް އަންނަން ފެށިއެވެ. ހިނގާ ހެނެއް ހިޔެއްނުވެއެވެ. ހުރިގޮތަށް ހުއްޓާ ނުފެންނަ ބާރަކުން އަންބަރު އަންނަ ކަހަލައެވެ. ބިރުގަތް ވަރުން ބަތީލަށް ދެފަރާތަށް ބޯހޫރުވާލެވިއްޖެއެވެ. ދެލޯ މަރާ ބާރުކޮއްލުމާއިއެކު ހަޅޭލަވައިގަންނަން އުޅުނެވެ. އެކަމަކު އަޑެއް ނުނިކުތެވެ. ކޮންމެވެސް ދިމާލަކަށް ދުއްވައިގަންނަންވީއޭ ހިތާ އުޅެއުޅެ ފަޔެއް ހަރަކާތެއް ނުކުރެވުނެވެ. ބަތީލަށް ރޮވެން ފަށައިފިއެވެ. އަދިވެސް ހަޅޭލެވޭތޯ މަސައްކަތް ކުރަނީއެވެ.

“ބައްތޫ، އޭތް! ބައްތޫ، ހޭލަބަލަ، ކޮން އަޑެއްތަ ތިލައްވަނީ، ބައްތޫ ޕްލީޒް ހޭލަބަލަ، ތިއަޑު ނުލައްވަބަލަ، އަހަރެން ބިރުގަނޭ” ނިދާ ހެދުމުގައި އިން ބަލްމާ އައިސް ބަތީލަށް ގޮވަމުން ބުންޏެވެ.

“ކިހިނެއްވީ، ނައިޓްމެއަރ އެއް ފެނުނީތަ” ތެޅި ތެޅިފައި ކުއްލިއަކަށް ބަތީލު ތެދުވުމުން ބަލްމާއަށް އަހާލެވުނެވެ. އޭރު ހަޤީޤަތުގަވެސް ބަތީލަށްވަނީ ވަރަށް ހޫނުވެ، ދާހިތްލާ ފޯވެފައެވެ. އިނީ ބިރުގަތް ވަރުން އަނގައިން ބުނަން ދަތިވެފައެވެ. އެހެންނަމަވެސް ގާތުގައި އިން ބަލްމާ ފެނުމުން ވަގުތުން ހިތަށް ފިނިކަމެއް ލިބުނެވެ. ފުންނޭވާތަކެއް ލަމުން މީހާ ހަމަޖެހިލަން މަސައްކަތް ކުރިއެވެ.

“ހުވަފެނެއް… ނަސީބެންނު ބެލް ގޮވިކަން، ކޮން ކަހަލަ ހުވަފެނެއްތަ އެއީ، އަދި އެވެސް ބައްޕަތަ ފެންނަން ޖެހެނީ” ހިތާ ހިތާ ބަތީލު ބުނެލިއެވެ. ވަރުބަލިވެ އަދިވެސް ނިދަން ބޭނުންވެފައި ހުއްޓެއް ކަމަކު ބަތީލަށް ނިދާކަށް ނުކެރުނެވެ. ބަލްމާ އަނެއްކާވެސް ސުވާލުކުރިއެވެ. ހުވަފެނެއް ފެނުނީތޯއެވެ.

“ޖަސްޓް އަ ޑްރީމް” މާބޮޑު ކަމަކަށް ނުހަދާ ބަތީލު ބުނެލިއެވެ.

“ހުވަފެން ބެލިޔަސް އަޑުއަޑު ނުލައްވާ އޮންނަ ނަމަ، އެހެން މީހުންނަށް ނިދޭވަރެއް ނުވޭ ވިއްޔަ، އަހަރެން ހާދަ ބިރެއް ގަތޭ، އަހަރެން ހިތަށް އެރީ ބައްތުއަށް ފިޓު ޖެހެނީ ކަމަށް، އެކަމަކު އަސްލު އަހަންނަކަށްވެސް ނޭނގެ ފިޓު ޖެހޭއިރު ވަނީ ކިހިނެއްކަމެއް، ހެ ހެ ހެ… ދެން ކިޔާދީބަލަ ހުވަފެން، ކޯއްޗެއްތަ ފެނުނީ” ބަލްމާ، ބަތީލުގެ އެނދުގައި ހަމަޖެހިލަމުން ބުންޏެވެ.

“ނޭނގެ، މިހާރު ހަނދާނެއްނެތް” ގަސްދުގައި ބަތީލު ދޮގެއް ހަދާލިއެވެ. އޭނާ އެއިނީ ފާޑަކަށް ބިރުގަނެފައެވެ. އެހެންވެ އެހުވަފެނުގެ ވާހަކަ ދެއްކުމަކީ އަލުން އެކަމުގެ ތެރޭގައި އުޅުން ކަހަލަ ކަމެއް ކަމުގައި ބަތީލަށް ވިސްނުނެވެ. އޭނާ ބޭނުންވަނީ ހުވަފެން، ހުވަފެނުގެ ގޮތުގައި ބާއްވާފައި އެކަން ހަނދާން ނައްތާލާށެވެ.

“ހެލޯ، މޯނިންގް، ކީއްކުރަނީ” ބަތީލު އޭނާގެ ސިކުނޑީގައިވާ ޚިޔާލު ތަކާއި ދުރުވެލުމަށް އަވަހަށް މިންހާޖަށް ގުޅާލިއެވެ.

“ލޯބީ، އަދި މޯނިންގެއް ނުވެޔޭ، މިގަޑީގަ ތިގުޅީ ކިހިނެއްވީ” މިންހާޖުގެ އަޑުން އޭނާ އޮތީ ނިދާފައިކަން ބަތީލަށް އެނގުނެވެ.

“ހޭލެވުނީމަ މެގީ މަތިން ހަނދާންވެގެން ހަމަ ގުޅާލީ، ލޯބި ހޭލާފަ އަހަންނަށް ގުޅައްޗޭ، ބާއްވަނީ އެނގޭ، ބާއީ، ލަވް ޔޫ” ބަތީލު އޭނާގެ ލޯބިވެރިޔާ އާއި ވާހަކަދައްކާލަން ބޭނުންވިޔަސް މިންހާޖުގެ ނިދި ހަލާކުކޮއްލާކަށް ނުކެރުނެވެ. އިރުކޮޅަކު ފޯނު އަތަށް ލައިގެން އޮވެ އޮވެފައި ތެދުވިއެވެ. އޭރު އޭނާގެ އެނދުގައި ބަލްމާ ނިދާފައި އޮތެވެ.

ފެންވަރާލައިގެން ސިޓިން ރޫމަށް ނުކުންއިރު އެކަކުވެސް ފެންނާކަށް ނެތެވެ. މަޑުމަޑުން އައިސް މަންމަގެ ކޮޓަރި ބަތީލު ހުޅުވާލިއެވެ. އޭރު މެންދުރު ނަމާދަށް އަރާ ދާރާ އިނެވެ. ދޮރު ލައްޕާލުމަށްފަހު ބަތީލު ބަދިގެ ފަރާތުގައި ހުރި ތެލިތަކުގެ މަތި ހިއްލަން ފެށިއެވެ. އަދި މިއަދު ކައްކާފައި ހުރި އެއްޗެހި ތައްޓަކަށް އަޅައިގެން ރަނގަޅަށް ރޮށި މޮޑެލައިގެން އައިސް ސިޓިން ރޫމު ސޯފާގައި އިށީނދެ ޓީވީ ހުޅުވާލިއެވެ. މަޑުމަޑުން އިނދެގެން ޓީވީ ބަލަމުން ކަމުން ދިޔައެވެ.

“މިއަދު ހާދަ އަވަހަކަށް ހޭލެވިގެން ތިއައީ، ބަތީލު، އިރުކޮޅަކުން މަންމަގެ ރަޙުމަތްތެރިއަކު އަންނާނެ މިގެއަށް، ތިހާ ކުރު ކުރު ސޯޓު ކޮޅެއް ލައިގެން ސިޓިން ރޫމުގަ ނީންނާތި، ކޯއްޗެއްތަ ލައިގެން ތިއިނީ، ދެއަތް ނެގީމަ ކިހިލިފަތްދޮށް ތިއޮތީ ފެންނަން، ފަހަރެއްގަ މަންމަގެ ކުދިންނާވެސް ބައްދަލުކޮއްފާނެ، އެހެންވީމަ ތަންކޮޅެއް ތާހިރު ހެދުމެއް ލައިގެން ހުންނާތި، ކޮބާ ބަލްމާ، އޭނާ ނުހޭލާތަ” ދާރާ ކިޔަވަން ގެންގުޅޭ ފޮތާއި ޑިޖިޓަލް ތަސްބީހަ ހިފައިގެން ސޯފާގައި އިށީނެވެ.

“އަވަހަށް ހޭލިމަވެސް މަންމައަށް ކަމަކު ނުދޭ، ލަހުން ހޭލީމަވެސް ހަމަ އެވަރު، ދެން ނޭނގެ މަށަކަށް އުޅެންވީ ގޮތެއް” މޫނު ހަދާލަމުން ރުޅިވެރި ރާގެއްގައި ބަތީލު ބުނެލިއެވެ.

“އަދި ރުޅި އަންނަ ވަރުގެ އެއްޗެއް މަންމައެއް ނުބުނަ މެންނު، ކީއްވެތަ ތިހާ އަވަހަށް ރުޅި އިސްކުރަނީ، ރަނގަޅު ކުދިން އުޅޭހެން ނިކަން އުޅެން ދަސްކޮއްބަލަ، ކިހާ ނަސޭޙަތެއް މަންމަ މިދެނީ، ދަރިފުޅުމެންގެ ދުވަސް މީ، ޒުވާންކަމުގެ ފައިދާ ހެޔޮ ގޮތުގައި ހިފަންވީ، ދީނާއިގެން އުޅެންވީ މުސްކުޅި ވީމައެއް ނޫން، އަދިވެސް ދަރިފުޅުމެން ކިޔަވާ މޮޅުވާން ފުރުޞަތު އެބައޮތް، ބޭރުގައި ތިގޮތަށް ވަގުތު ބޭކާރު ކުރުމުގެ ބަދަލުގައި ދަރިފުޅަށްވެސް ފައިދާ ވާނެ ފަދަ ކަންކަން ކުރާނެ ނަމައޭ މަންމަ ހިތަށް އަރާ…” ދާރާގެ ވާހަކަ ނުނިމެނިސް ބަތީލު ސޯފާއިން ތެދުވެއްޖެއެވެ.

“ކަންތަކާ ޖެހިފަ މިއޮތީ، މަންމައަށް އަހަރެން ކުރާ އެއްކަމެއްވެސް ރަނގަޅެއް ނުވާނެ، އަބަދު ސައުވީސް ގަޑިއިރު މަންމަ ބުންޏަސް ނޯވެވޭނެ ގެއަކު” ކާން އިން ތައްޓާއިއެކު ބަތީލު ފުންމައިގެން ސޯފާ އިން ތެދުވިއެވެ. އަދި ދެފަޔަށް ބާރުލާފައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

މެންދުރުފަހު ތިނެއް ޖެހި އިރު ނިދާ ހޭލި ބަލްމާ އޭނާގެ ވަޒީފާއަށް ދާން ތައްޔާރު ވަމުން ދިޔައެވެ. އޭނާއަކީ ފަތުރުވެރިން ރަށުގައި މަޑުކުރުމަށް ހަދާފައި ހުންނަ އެންމެ ބޮޑު ހޮޓަލުގައި ޑިއުޓީ އަދާ ކުރާ ސްޓާފެކެވެ. ފްރަންޓް އޮފީހުގެ ސްޓާފެކެވެ. ރަޙުމަތްތެރިއެއްގެ ފަރާތުން ލިބުނު ވަޒީފާއަށް ދެމަސް ނުވާއިރު ނުކުންނަ ދުވަސްތަކަށް ވުރެ ގިނައީ ނުނިކުމެވޭ ދުވަސްތަކެވެ. ނަމަވެސް ލިބިފައިވާ ރީތި ސިފައިގެ ސަބަބުން އެކަމުގެ ފައިދާ ނުހަނު ބޮޑަށް ކުރެއެވެ.

ކޮނޑުން ތިރިއަށް ކައިވަތެއްހާ ދިގުކޮށް އޮތް ފަންއިސްތަށިގަނޑު ފުނަލުން އޮމާން ކޮއްލުމާއި އެކު ވޫލުކޮޅަކުން އައްސާލިއެވެ. އަދި ހެޔޮވަރު ވަރެއްގެ ހުޅިއެއް، އިސްތަށިގަނޑުގެ އެލިފައި އޮތް ބައި އޮޅާލުމާއިއެކު ޖަހާލިއެވެ. އެއާއިއެކު ހުޅީގައި ކަޅުކުލައިގެ ވަށައިގެން ރަބަރު ލައްވާފައިވާ ދާގަނޑެއް އަޅުވާލިއެވެ. އެއީ ބަލްމާ އަޅަން ޖެހޭ ޔުނީފޯމުގެ އެއްބައެވެ. ރީތިވާ މޭޒުގެ އެއްފަރާތުގައި ވަނީ އިސްކޮޅުވަރުގެ ދިގު ލޯގަނޑެކެވެ. އަނެއްފަރާތުަގައި ހުރީ ބައިބަޔަށް ބައިކޮއްފައި ހުރި ވަތްގަނޑުތަކެވެ. އެބައިތަކުގައި ރީތިވާން ބޭނުންކުރާ އެކި އެކި ސާމާނުތައް އަތުރާފައި ހުރިއިރު ބަލްމާ ބޮޑީ ސްޕްރޭ ފުޅި ނަގާ މުޅި ގަޔަށް ޖަހާލިއެވެ. އަދި އޭގެ ފަހުގައި އެނދުގެ ފައިލާ ކޮޅުގައި ރީތިކޮށް ބާއްވާލާފައި އޮތް ޖެކެޓު ނަގާ ގަޔަށް ހެޔޮވަރު ކޮއްލިއެވެ. ގެންދަން އޮތް އަތްދަބަހުގެ ތެރެ ބަލާލީ ހުރިހާ އެއްޗެއް ހަމައަށް ހުރިތޯއެވެ. އެއާއިއެކު އޭގެ ތެރެއިން ހިމަދިގު ފަންސޫރެއް ނަގާ ލޯގަނޑުގެ ކުރިމަތީ ހުއްޓި އޭނާގެ ރީތި ލޯ އެ ފަންސޫރުން ފަވާލިއެވެ. ބަލްމާއަކީ ހުދު ދޮނެއް ލިބިފައިވާ އިސްކޮޅުން ދެމިލާ ގޮތަށް ހުންނަ އަންހެން ކުއްޖެއެވެ. ލިބިފައިވާ ބަނޑިއެއްނުވާ ފަން އިސްތަށިގަނޑަކީ މަންމަ ދާރާގެ ފަރާތުން ވާރުތަ ކޮއްފައިވާ އެއްޗެއްކަން ޢާއިލާ އެނގޭ ބަޔަކަށްވެއްޖެއްޔާ ޔަގީން ކުރެވޭނެއެވެ. ކުދި ކުދި ނިޔަފަތި ތަކެއް ލިބިފައިވާ ހިމަ އިނގިލިތަކެއްގެ ވެރިއެވެ. ތުނި ތުނި ތުންފަތަކާއިއެކު ބޮޑު ދެލޮލެވެ. ބޮޑަށް ވައްތަރުވާން އުޅެނީވެސް ބަލްމާގެ މަންމަ ދާރާގެ ސިފަ އާއިއެވެ.

“ބެލް، އަވަހަށް އަންނާނަންތަ މިރޭ، އެންމެ ފޫހި ޑިއުޓީ އާ ދޯ މިހަފްތާ ތިޖެހުނީ” އެނދުގައި އަރިއަކަށް ބަލްމާގެ ހަރަކާތްތަކަށް ބަލަން އޮވެފައި ބަތީލު ބުންޏެވެ.

“އިއްޔެވެސް ސަލާމް ބުނެފަ މިހުރީ، މިއަދު ނުކެރޭނެ ގޭގަ ހުންނާކަށް، އަނެއްކާ އިރުއިރުކޮޅާ ޑިއުޓީ ބަދަލު ކުރާތީ ނަޖުދާ ހުންނާނީ ނުލާހިކު ބާރުކޮއްފަ، ޝާހިދު އާއި ހަމައަށް މިހާރުވެސް ނޭނގެ މައްސަލަ ނުގެންދާކަމެއް” ބަލްމާ ފައްޗަކަށް އަމުނާލިއެވެ.

“ހަވީރު މިންހާޖު އާއިއެކު އޮފީސް ނިންމާފަ ދިނާރުވެސް މިކޮޅަށް އަންނާނެ އެންނު، އެންމެން އެބަ ކިޔާ އިރުއޮއްސޭ އިރަށް ނައްޓާލާ ވާހަކަ” ބަތީލު ބުނެލިއެވެ.

“އާން، މަގޭ ކައިރީވެސް ބުނި، އެކަމަކު މިއަދަކު މަށަށް ދެވޭކަށް ނެތް، ބައްތު ދޭ، އެކަމަކު މަންމަ ރެޑު ނުވަނިސް ގެއަށް އަންނާތި، އަހަރެން ޑިއުޓީ ނިމެން ވާއިރު ބައްތުވެސް ހުންނަން ވާނީ ގޭގަ، އަނެއްކާ އެހާ ވިއްސާރަ ނަގާފަ އެއޮތީ، ރޭގަ ހެން އެއޮންނަނީ އިރުއޮއްސޭ އިރަށް ވެހިގަންނަން ތައްޔާރަށްހެން ހީވަނީ”  ލޯގަނޑު ކުރިމަތީގައި ހުރި ބަލްމާ ބުނެލިއެވެ.

“އަވަހަށް އަންނާނަމޭ، އެހެންނޫނަސް ވާރޭ ވެހެންޏާ މަށެއްވެސް ނުދާނަން” ބަތީލު ތެދުވެ ދެފައި ވައްކޮށްލަމުން ބުނެލިއެވެ.

“އޯކޭ މަ މިދަނީ” ބަލްމާ އަތްދަބަސް ހިފައިގެން ކޮޓަރިން ހަލުވި ކަމާއިއެކު ނުކުތެވެ. އޭނާގެ ފަހަތުން ބަތީލުވެސް ނުކުތެވެ. އޭރު ދާރާ ޓީވީ ބަލަން ސޯފާގައި އިނެވެ. ދެކުދިން އެކުގައި ފެނުމުން ސުވާލުގެ ނަޒަރަކުން ކުދިންނާއި ދިމާލަށް ދާރާ ބަލަންފެށިއެވެ.

“ދަރިފުޅާ، ކުޑައެއްވެސް ނުލާތަ ތިދަނީ، ދެންމެ ދެންމެ ވާރޭ އޮއްސާލަ ފާނެހެން ހީވަނީ، ނޫނީ ދަރިފުޅާއިއެކު މަންމަ ދަންތަ ކުޑަ ހިފައިގެން” ކުޑަދޮރުން އުޑުމަތި ބަލާލާފައި، ބަލްމާއަށް ދާރާ ބުނެލިއެވެ.

“މަންމަ ދާނެ ކަމެއްނެތް، އެހިސާބަށް ދާންވާއިރަކަށް ނުވެހޭނެ، ލަސްވަނީ މިހާރު، ދެން ދަނީ މަންމާ” ބަލްމާ އަވަސް ހިނގުމައި ނުކުމެގެން ގޮސް ގޭޓުން ބޭރަށް މަގަށް ނުކުތެވެ. އެތަން ބަލަން ބަތީލު މަޑުކޮއްލައިގެން އިރުކޮޅަކު ހުރެފައި އެނބުރި އޭނާގެ ކޮޓަރިއަށް އައިސް ވަނެވެ.

އުޑުމަތި ބަނަކުރަމާއިއެކު ޖެހެމުންދިޔަ ވައިގެތެރޭގައި މަގުތަކުގައި ވެރިފައި ހުރި ފަތާއި ކުނިބުނި ދިމަދިމާލަށް އުދުހެމުންދިޔައެވެ. ތަންތަންކޮޅުގައި ހެދިފައި ހުރި ކުދިކުދި ބައެއް ފެންގަނޑުތަކަށް ހިސާބުގަނޑުގެ މީހުން ވެލިއަޅާފައި ހުއްޓެވެ. ވާރޭގެ ތިއްކެއް ބިމުގައި ނުޖެހޭތީ އާއިއެކު ބަތީލާއި އޭނާގެ ރަޙުމަތްތެރިންގެ މިސްރާބު ހުރީ ރަށުގެ ފުއްޓަރު ފަރާތާއި ދިމާލަށެވެ. ވައިގަދަކަމުން މަގުތަކުގައި އާދަޔާއި ހިލާފަށް މީހުން މަދުވެފައި ވެއެވެ. މިހެން ވުމުން ސަކަރާތްޖަހަމުން މުޅި މަގު ކުޑަކުރަމުން ދާ ކުދިބަޔަކަށް ސަމާލުކަންދޭނެ ބަޔަކު ނުވިއެވެ.

“އިރުއޮއްސި އަނދިރިވާއިރު މިތަން ހާދަ އަނދިރިވާނެއޭ ދޯ” ވަށައިގެން ނަޒަރު ހިންގާލަމުން އާން ބުނެލިއެވެ.

“ފޯނު މިއޮތީނު، ދިއްލާލެވޭނެ އެންނު، އެހެންނޫނަސް މިތާ ތިބެ ތިބެ ލޯ ހުންނާނީ އެޖަސްޓުވެފަ، ދޮގެއްތަ މިންހާޖު” މުއާދު ބުނެލިއެވެ.

ފުއްޓަރު ފަރާތުގެ ދިޔަ ހިކިގެންގޮސް ފާޅުވެފައިވާ ބޮޑެތި ގާތަށް ވަރަށް ދުރަށް ދަންދެން ފެންނަން ހުއްޓެވެ. އެދިމާލުގައި އެމީހުން ނޫނީ އެއްވެސް ބަޔަކު ފެންނާކަށް ނެތެވެ. ފަސްވަރަކަށް ފޫޓު އެއްގަމުގައި ހެދިފައި ހުރި ބޮޑު ނިކަގަހެއްގެ ދަށުގައި ޖޯލިފައްޗެއް ހުއްޓެވެ. ޖޯލި ފައްޗާއި ކައިރީގައި ސިމެންތި ދެބުޑުމަތީ މީހުންނަށް އިށީނދެވޭނޭހެން ދިގު ފިލައެއް ބާއްވާފައި އޮތެވެ. އޭގެ އިތުރުން އެލުވާފައިވާ ޒަމާންވީ އުނދޯއްޔެއް ނިކަގަހުގައި ހުއްޓެވެ. އެއްބަޔަކު ޖޯއްޔަށް ވެއްޓިގަތް އިރު ބަތީލު ދުވެފައި ގޮސް އުނދޯލީގައި އިށީނެވެ. އޮއްސެމުން ދިޔަ އިރުގެ ރަންކުލަތަކުން އުޑުމަތި ޖަރީކޮއްފައިވާއިރު ކަނޑުގެ ސަތަހަށްއަށްވެސް އެކުލަތަށް ފެތުރިފައި ވާކަހަލައެވެ. މޫދާ ދިމާލަށް ބަލަހައްޓައިގެން އިނދެ އެއްވަރަކަށް އުނދޯލި ހެއްލަމުން ބަތީލު ދިޔައިރު މިންހާޖު އޭނާގެ ފޯނުން ބަތީލުގެ ފޮޓޯ ނަގަމުން ދިޔައެވެ.

“މަޑޭ، މަގޭ ފޮޓޮއެއްވެސް ނަގާދީބަލަ، މިތަން ކިހާ ސަޅި، މިރޭ ފޭސްބުކަށް ވައްޓާލަން ސަޅިވާނެ” އާން އޭނާ އާއި ޖެހިގެން ހުރި ޖޯލީގައި އޮތް މުއާދުއަށް ބުނެލިއެވެ.

“މިންހާޖު ކަހަލަ މޮޅު ފޯނެއް ނޫނޭ މަގޭ އަތުގަ އޮތީ” މުއާދު ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.

“އެހެންވިޔަސް ހެވޭ” އާން އާދޭހުގެ ރާގަކަށް ބުނެލިއެވެ.

އަނދިރިވަމުން އައިރު ހަތަރު މީހުންގެ އަތުގައިވެސް ކޮޅު ރޯކޮށްފައި އޮތް ސިނގިރޭޓެއް އޮތެވެ. ފިނިބޮޑުވުމުގެ ސަބަބުން މިހާރު ބަތީލު އިނީ މިންހާޖުގެ އުނގުގައެވެ. ޖޯލި ފަތީގައި މެދަށް ދެޖޯލި ހުސްކޮށްފައި ދެފަރާތުގެ އެންމެ ފަހު ޖޯއްޔަށް މިންހާޖު އާއި މުއާދު ޖެހިލައިގެން ތިއްބެވެ. އެމީހުންގެ އަތުގެ ތެރޭގައި އާން އާއި ބަތީލު އިނެވެ. އެކަކަށްވެސް އެއީ ބޮޑުކަމަކަށް ނުވެއެވެ. ޖެހެމުންދިޔަ ގަދަ ވަޔާއިއެކު ފަރުވަސްގަނޑު މުޅި މާޙައުލަށް ފެތުރެމުންދިޔައެވެ. ލައިގެން ތިބި ހެދުމުގައިވެސް ހަރުލަމުން ދިޔައީ އެވަހެވެ. ދުނިޔޭގައި ހިނގާ އެހެން އެއްވެސް ކަމަކަށް ފަރުވާލެއް ނެތި އެމީހުންގެ ފިނިވަމުންދިޔަ ހަށިގަނޑަށް ހޫނުކަމެއް ހޯދޭތޯ އުޅުނެވެ. އޭރު ފެތުރެމުންދިޔަ އަނދިރިކަން އެމީހުންގެ ލޯތަށް ކަނުކުރަމުން ދިޔައެވެ.

“ވަރަށް ހީކަރުވާން ފަށައިފި” މިންހާޖުގެ އަތުތެރޭގައި އިނދެ އޭނާގެ މޭގައި ބޯއަޅާލައިގެން އޮތް ބަތީލު މަޑުމަޑުން ބުނެލިއެވެ.

“ގަމީސް ތެރެއަށް ވަންނަން ވީނު” މިންހާޖު ދެއަތުގެ ބާރުގައި ބަތީލުގެ ހަށިގަނޑު ގަޔާލާ ފިއްތާލާމުން ބުނެލިއެވެ. ޒުވާން ކަމުގެ ޖޯޝާއިއެކު އެންދުވެރިކަމުގެ އަލިފާން ރޯވާން ފެށިއެވެ. ދެމީހުންގެ ހަރަކާތްތައް ހުންނަން ޖެހޭ އިން ފަހަނައަޅައި ދާން ފެށިއެވެ. މިންހާޖުގެ ތުންފަތުގެ ހޫނުކަން ބަތީލަށް އިޙްސާސް ކުރެވިގެން ދިޔައެވެ. ކުއްލިއަކަށް ލަދުވެތި ކަމާއިއެކު މޫނު ދުރަށް ޖައްސާލުމާއިއެކު މިންހާޖުގެ ކަނދުރާގައި ބަތީލު މޫނު ފޮރުވާލިއެވެ.

“އާންމެންނަށް ފެނިދާނެ” ލަދުވެތި ގޮތަށް ބަތީލު ބުނެލިއެވެ.

“ނުފެންނާނެ، އެމީހުންވެސް ޔަގީން ތިބޭނީ މިހެން ކަން، ބައްތު ހާސްނުވެބަލަ”  މިންހާޖު ސިއްރު ސިއްރުން ބުނެލިއެވެ.

ބަތީލު މަޑުމަޑުން އާން އާއި މުއާދު ތިބި ދިމާލަށް ބަލާލިއެވެ. އަނދިރިކަމުން ތަނެއް ދޮރެއް ފެންނަ ވަރެއް ނުވެއެވެ. ޖެހިގެން ތިބޭ މީހުންވެސް ވަތްކެއް ނުވާނެކަން ގައިމެވެ. އެހެންވެ މިންހާޖު ބުނި އެއްޗެއް ޔަގީން ކުރަން ފަސޭހަވިއެވެ. އަދި ލޯބިވެރިޔާ ބުނާ އެއްވެސް ކަމަކަށް ދެކޮޅު ހަދާކަށް ބަތީލު ބޭނުމެއްނޫނެވެ. ރޭގަނޑުގެ ފިނިކަން އޭނާގެ ހަށިގަނޑުގައި ވަނީ ތަފާތު ބާނިތަކެއް އުފައްދާފައެވެ. ކުރިއަށްވުރެ ބޮޑަށް މިންހާޖު އާއި މަސްހުނިވެލިއެވެ. މިންހާޖުގެ މޭގައި އެއްވެސް ހުރަހެއްނެތި ބަތީލުގެ އަތްތިލަ ބީހިގެންދިޔައެވެ. ދެމީހުންނަށްވެސް ތަފާތު އިހްސާސްތަކެއް ކުރެވެމުންދިޔަ ވަގުތެވެ. ބަތީލު ލައިގެން ހުރި ތުނި ތުނި ގަމީހުގެ ގޮއްތައްނެއްޓި ފުރަގަހަށް ގަމީސް ވެއްޓިފައި އޮތެވެ. އެހަށިގަނޑުގެ ބޮޑުބައެއް ހާމަކަމާއިއެކު މިންހާޖަށް ފެންނަމުންދޔައީ ބަތީލު އެހާ ގާތުގައި އިނުމުންނެވެ. ބަތީލުގެ ހަށިގަނޑުގައި މިންހާޖު ނުބީހޭ ތަނެއް ނުވެއެވެ. ލިބެމުންދިޔަ އަރާމެއްގެ ސަބަބުން ބަތީލުގެ އަނގައިން އަޑެއް ބޭރުވެދާނެތީ ޚުދު އޭނާ އަމިއްލައަށްވެސް އިނީ ކަންބޮޑުވެފައެވެ. މުޅި ޖޯއްޔަށްވެސް ލޮޅުން އަރަމުންދިޔައެވެ. މިންހާޖު، ބަތީލު އުރާލައިގެން ތެދުވެ ޖެހިގެން އިންޖޯލީގެ ތެރޭގައި ބަތީލު ބޭއްވިއެވެ.

“އާތް…މިންހާޖު…” ކުއްލިއަކަށް ބަތީލު ހަޅޭލަވައިގަތެވެ. ސިއްސައިގެން ދިޔަ މިންހާޖަށް ފަހަތަށް ޖެހެލެވުމާއިއެކު ހަރަކާތްތަކައް ހުއްޓުމެއް އައެވެ.

“ހާދަ ބާރަކަށް ތިހަޅޭލަވައިގަތީ، ބައްތުވެސް ބޭނުންވެފަކަން އެނގޭ ހުރީ” މިންހާޖަށް ނުވިސްނުނެވެ. ވަގުތުން ލައިގެން ހުރި ގަމީސް ރީތި ކޮއްލުމާއިއެކު ޖިންސުގެ ގޮއްތަކާއި ބެލްޓުވެސް ރަނގަޅު ކޮއްލައިފިއެވެ.

“މިންހާޖު…” ވަށައިގެން ހޯދަމުން ދިޔަ ބަތީލު ބުނެލިއެވެ.

“ބައްތޫ، މިންހާޖު… ކިހިނެއް ތިހެދީ، މިންހާޖު މާ ހޫނުވީތަ، އަހަރެން ހީކުރީ މި ޖޯލިވެސް މިރޭ ފުނޑާލާނެކަމަށް” ސަމާސާ ރާގެއްގައި ކައިރިން މުއާދުގެ އަޑު އައެވެ.

“މިތަނުން ހިނގާ ދާން” ބަތީލު ކުއްލިއަކަށް ކުރިމަތީގައި ހުރި މިންހާޖުގެ އަތުގައި ބާރަށް ހިފާލަމުން ބުނެލިއެވެ. އޭރު ބަތީލުގެ ނަޒަރު ހުއްޓިފައި ވަނީ ޖޯއްޔާއި ދިމާލަށެވެ. އަދި ކުޑަކުޑަ އިރުކޮޅެއްގެ ތެރޭގައި އޭނާގެ ނަޒަރު ހުއްޓެމުން ދިޔައީ ޖޯލީގެ ފަހަތް، ގަހާއި ދިމާލަށެވެ. ބަތީލު އުޅޭ ގޮތުން މިންހާޖު ކަންބޮޑުވިއެވެ. ކިހިނެއްތޯ ވީ ސުވާލު ކުރުމުންވެސް އެއްވެސް ޖަވާބެއް ބަތީލު ނުދެއެވެ. ހަމަ އެކަނި ބުނަނީ އެތަނުން ދާންވީ ކަމުގައެވެ. އޭރު ބަތީލުގެ އަތްތިލަ ފިނިވެ މީހާ ދާހިތްލަން ފަށައިފިއެވެ. މޭގައި އޮތް ހިތް ބާރަށް ތެޅެމުންދިޔައެވެ. ތުރު ތުރު އަޅަމުންދިޔަ އަތުން ލައިގެން ހުރި ގަމީހުގެ ގޮއްތަށްވެސް ރަނގަޅަށް ނޭޅުވެއެވެ. އަނދިރިކަމުން ތަނެއް ދޮރެއް ނުފެނެއެވެ. ބަތީލުގެ ހަށިގަނޑު ނިވާ ވަންދެން މިންހާޖު އޭނާގެ ފޯނުން އަލިނުކޮށް މަޑުކޮއްލިއެވެ.

ބިރުގެންފައި ހުރި ބަތީލު ހަމަޖެހެން މަސައްކަތް ކުރަމުން މިންހާޖުގެ ގާތަށް ޖެހިލަމުން އޭނާގެ އަތުގައި ހިފާލިއެވެ. އެއާއިއެކު މިންހާޖު އޭނާގެ އަތުގައި އޮތް ފޯނުން އަލިކޮއްލިއެވެ. ވަށައިގެން ފޯނު އެކި ދިމަދިމާލަށް ދިއްކުރުމުންވެސް އެއްވެސް ދިރޭ އެއްޗެއްގެ ހިލަމެއް އެހިސާބުން ނުވިއެވެ.

“ހިނގާބާ ދާން” ބަތީލު، މިންހާޖުގެ އަތުގައި ހިފާ ދަމާލަމުން ބުނެލިއެވެ.

“މަޑޭ، ހިނގާ މިތަނުން ނައްޓާލަމާ” މިންހާޖު، މުއާދަށް އަލިކޮއްލުމާއިއެކު ބުނެލިއެވެ. އޭރު މުއާދު އާއި އާންވެސް ހުރީ ޖޯލި ފަތި ކައިރީ ކޮޅަށެވެ.

“ހާދަ އަވަހަކަށް ދަނީ” މުއާދު ޝަކުވާ ކޮއްލިއެވެ.

“މިތަން ހާދަ އަނދިރިޔޭ، މަވެސް ބޭނުންވަނީ މިތަނުން ދާން، ހިނގާ ޑޫމްއަށް ކޮފީއަކަށް އަރަމާ” މިންހާޖަށް އެއްޗެއް ނުބުނެވެނިސް އާން ބުނެލިއެވެ.

ހަތަރު މީހުން އެކުގައި ރަށުގެ އެއްގަމާއި ދިމާލަށް ހިނގަމުން ދިޔައެވެ. އޭރު ނިކަގަހުން މައްޗަށް އުފުލިފައި ހުރި ބޮޑު ހިޔަންޏެއް އެތަނުގައި ހުރިކަން އެކަކަށްވެސް ފާހަގައެއް ނުކުރެވެއެވެ. ބަތީލު ހުރީ މިންހާޖުގެ އަތުގައި ވަރަށް ބާރަށް ހިފަހައްޓައިގެންނެވެ. އޭނާގެ ޠަބީޢަތް މިރޭ ބަދަލުތަކެއް އަތުވެއްޖެއެވެ. ޑޫމް ކެފޭ އާއި ހަމައަށް ދެވެންދެންވެސް ބަތީލު ހުރީ ބަސްމަދުވެފައެވެ. ޖެހެމުންދާ ބާރު ވައިރޯޅި ތަކުގެ ފިނިކަން އޭނާއަށް އިޙްސާސް ވާހެނެއް ހިޔެއްނުވެއެވެ. ފެންނަނީ މީހާ ދާހިތްލާ ފައި ހުރިތަނެވެ. އިރު އިރުކޮޅާ ނިތްކުރިއާއި ތުންފަތްމަތި އަތުގެ ނުފުށުން ފޮހެލައެވެ. މިންހާޖު ސިއްރުން ކަހަލަ ގޮތަކަށް ބަތީލު އާއި ސުވާލު ކުރަމުންދިޔައެވެ.

“ބޭބްސް، ކިހިނެއްތަ ވީ، އަހަންނަށް ގޯސްކޮށް ކަމެއް ކުރެވުނީތަ، ޕްލީޒް ބައްތު، ބުނެބަލަ، ތިހެން ވާހަކަ ނުދައްކާ ހުރުމަކުން އަހަންނަކަށްވެސް ނޭނގޭނެ ދޯ، އަހަރެން ބޭނުން ބައްތު ހިތްހަމަ ނުޖެހެންވީ ސަބަބެއް އެނގެން، އެހާ ކްލޯސްވީމަތަ މައްސަލަ އަކީ، އައި އެމް ސޮރީ ބައްތު، ޕްލީޒް ބުނެބަލަ ވީގޮތެއް” މިންހާޖުގެ އަތުގައި ހިފާލައިގެން ހުރި ބަތީލުގެ އަތް ގަޔާ ކައިރިކޮއްލުމާއިއެކު ފިރުމަމުން ވާހަކަދެއްކިއެވެ.

“އިޓް ޖަސްޓް ނަތިންގް، ސޮރީ އެހާ ބާރަށް ހަޅޭލަވައިގަނެވުނީތީ، ކޮފީ ބޯލައިގެން ދާނީ ގެއަށް ދޯ، ބެލްވެސް މިރޭ ނެތެންނު، އެހެންވެ ތަންކޮޅެއް ކުރިން ގެއަށް ދާން ބޭނުން” ބަތީލަށް މިންހާޖުގެ ގޮތް އެނގޭތީވެ، އޭނާ ކިޔަން ފަށައިފި އެއްޗެއް ނުހުއްޓާނެކަން އެނގިހުރެ ކޮންމެވެސް ޖަވާބެއް ދިނުމުގެ ގޮތުން ބުނެލިއެވެ.

“ހާދަ އަވަހަކަށް، އަދި ކިރިޔާ އަށެއް އެޖަހަނީ، ހިނގާ ދިނާރަށް ގުޅާފަ މިތަނަށް ގެންނަމާ” ޑޫމް ކެފޭ ތެރެއަށް ވަންނަމުން މިންހާޖު ބުނެލިއެވެ.

“އޭ ދިނާރު ގެންނަމާ” ހަމަ އެވަގުތު މިންހާޖާއި ދިމާލަށް އެނބުރުނު މުއާދުވެސް ތަންކޮޅެއް ބާރަށް ބުނެލިއެވެ.

އާމުކޮށް އެމީހުން ތިބޭ ދިމާލުގަައި ހުރިތަނުން މޭޒެއްގައި އެންމެން އިށީނެވެ. އަބަދު އެތަނަށް އަންނާތީ ތަނުގައި މަސައްކަތް ކުރާ މީހުންނަށްވެސް ބަތީލުމެންގެ ގުރޫޕު އެނގެއެވެ. އަދި އެމީހުން އާމުކޮށް ގެންނަނީ ކޮންއެއްޗެއްކަންވެސް އެނގެއެވެ. އެހެންނަމަވެސް ވެއިޓަރު މީހާ އައިސް މޭޒު ކައިރީ ހުއްޓެމުން އޯޑަރ ކުރަންވީ އެއްޗަކާއިމެދު ސުވާލު ކުރިއެވެ.

“ނެސްކެފޭ ބްލެކެއް، ދެ ރެޑްބުލް، ގްރޭނީނީއެއް، ހަތަރު ކެމެލް ލައިޓު” މުއާދު އެމީހުން ޢާންމުކޮށް ގެންނަ އެއްޗެހީގެ ލިސްޓު ކިޔާލިއެވެ. އަދި ވެއިޓަރު ދިއުމާއިއެކު ދިނާރަށް ގުޅިއެވެ.

އެހެން ރޭ ރެއެކޭ އެއްގޮތަށް އަމިއްލަ ވާހަކައިގައި އެންމެން މަސްޢޫލުވެފައި ތިބިއިރު ބަތީލު އީނީ މުޅިން ތަފާތު ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. ތުންފަތުގައި ހަފާލަ ހަފާލަ އިންއިރު އޭނާގެ ނަޒަރު ސިއްރުން ނަމަވެސް ވަށައިގެން ފެންނަމުންދާ ގަސްތަކާއި ދިމާ ހޯދަމުންދިޔައެވެ. މިރޭ އޭނާއަށް ހިތްހަމައަށް ޖެހުމެއް ލިބެން އޮތީ އަވަހަށް ގެއަށް ދިއުމުންކަން އެނގެއެވެ. އެހެންނޫނީ ލިބެމުންދާ ނުތަނަވަސްކަން އިތުރުވެދާނެއެވެ. ވަށައިގެން ފެންނަނީ އަނދިރިކަމާއި ހިޔަނިހެން ހެދިފައި ހުރި ބޮޑެތި ގަސްތަކެވެ. ނަމަވެސް ވާހަކަދައްކާ މީހުންގެ އަޑުތައް ގިނަވެފައި ފެންނަން ފެށުމުން ކޮންމެވެސް ވަރަކަށް ބަތީލު އިނީ ހަމަޖެހިފައެވެ.

“ދެން ހިނގާ ދަމާ، ފެގުވެސް ހުސްވީނު” ބަތީލު މިންހާޖަށް ބުނެލިއެވެ.

“ބައްތުއަށް މިރޭ ކިހިނެއްވެފަތަ މީނީ” ދިނާރު އޭނާގެ ކޮފީތަށިން އެންމެ ފަހު ކޯވަރު ބޯލަމުން ބުނެލިއެވެ.

“މަށަށް ކަމެއްވެއްޖެތަ، މަންމަ ބޮންނާޅަނިސް މިރޭ ގެއަށް ވަދެވޭތޯ އެންނު މިއުޅެނީ” ބަތީލު މޫނު ހަދާލަމުން ބުނެލިއެވެ.

“ތި ދެމީހުން ފައިޓަކަށް ނުދާތި، އެންމެން ނުކުމޭ، މަ މިދަނީ ބިލް ދައްކާލާފަ” ޢާންމުކޮށް ބިލުގައި ހިފާ މިންހާޖު ބުނެލިއެވެ.

ގޭޓުން އެތެރެއަށް ވަންނަންދެން މިންހާޖާއި ދިނާރު، ބަތީލަށް ބަލަން ހުއްޓެވެ. މައިގޭގެ ދޮރުގެ އަތްގަނޑުގައި ހިފާލަމުން ބަތީލު ހިނިތުންވެލަމުން މިންހާޖާއި ދިނާރަށް އަތް ހޫރާލިއެވެ. ވަކިވުމުގެ ސަލާމެއްގެ ގޮތުންނެވެ. އަދި އަވަސް އަވަހަށް ގޭތެރެއަށް ވަނެވެ. އޭރު އަންބަރާއި ދާރާ ޓީވީ ބަލަން ސިޓިން ރޫމުގައި ތިއްބެވެ.

“ވާރޭ ވެހޭތަ އެބަ، އަތްފައި ދޮވެގެން އާދޭ ކާން، އަނެއްކާ ކައިގެންތަ ތިއައީ” ދާރާ ތެދުވެގެން އައިސް ބަތީލާއި އަރާ ހަމަ ކުރަމުން ވާހަކަދެއްކިއެވެ.

“ފަހުން ކާނީ، ވާރޭއެއް ނުވެހޭ” ބަތީލު އޭނާގެ މަންމައަށް ބަލާލުމެއްނެތި ބުނެލިއެވެ. އޭނާ ހުރީ އަވަހަށް ގޮސް ކޮޓަރިއަށް ވަންނަން ބޭނުންވެފައެވެ.

“ބަތީލު، އަދިވެސް ރުޅި އައިސްފަތަ ތިހުންނަނީ” ދާރާ އޭނާއަށް ވުރެ ކުރިން ހިނގާފައި ދިޔަ ދަރިފުޅަށް އަޑުއިވޭނޭ ހެން ބުނެލިއެވެ. އެހެންނަމަވެސް އެއްވެސް އެއްޗެއް ނުބުނެ ބަތީލު ވަނީ އޭނާގެ ކޮަޓަރިއަށެވެ.

އެނދުމައްޗަށް އުއްޑުން ވެއްޓިގަތުމާއިއެކު ބަތީލު ވިސްނަންފެށިއެވެ. ފުއްޓަރު ފަރާތު ޖޯލިފަތީގައި ހިނގާ ދިޔަ ކަންތައްތަކާއިމެދުއެވެ. އޭނާ ސިއްރު ކުރި ކަންތަކާއިމެދުއެވެ.

“އެއީ ހަޤީޤަތެއް ނޫން، އެކަމަކު ހީވަނީ ހަމަ ހަޤީޤަތެއް ހެން، އެތާ މީހަކު ހުރި، އަހަރެންގެ ގައިގަ އަތްލިހެންވެސް ހީވޭ” ބަތީލުގެ ސިކުނޑިއަށް އެރި އެއްޗަކުން ފުންމައިގެން ތެދުވެވުންވެ. އަދި އަވަސް އަވަހަށް ލޯގަނޑު ކުރިމައްޗަށް ހުއްޓި ލައިގެން ހުރި ގަމީސްކޮޅުގެ ގޮށްތައް ނައްޓާލާފައި ކޮނޑާދިމާ ބަލާލިއެވެ. އެއްވެސް ކަމެއްވެފައި ހުރިކަމަކަށް ނުދައްކައެވެ. އެހެންނަމަވެސް އެސަރަޙައްދުގައި ބަތީލަށް އަތްހާކާލެވުނެވެ. އަމިއްލަ ޒަމީރާ ދިމާލަށް ބަލާލާފަދަ ގޮތަކަށް ލޯގަނޑުން ފެންނަމުންދިޔަ ބަތީލުގެ ސޫރައަށް އޭނާ ބަލާލިއެވެ. އަދި ނިކަން އަވަހަށް ދެފަރާތަށް ބޯހޫރާލިއެވެ. ސިކުނޑީގައިވަ ހުރިހާ ޚިޔާލެއް ނެރެ އެއްލާލަން ބޭނުންވެގެން ގެނައި ހަރަކާތެއްކަހަލައެވެ. ދެންވެސް ބަތީލު ގޮސް އިށީނީ އެނދުގައެވެ. އިތުރަށް ވިސްނަން ބޭނުންނުވާތީ ބަތީލު އޭނާގެ ފޯނު ނަގައި ބަލްމާއަށް ގުޅާލިއެވެ.

ޑިއުޓީ ނިންމާފައި ބަލްމާ ގެއަށް އައިރު ސިޓިން ރޫމު ސޯފާގައި ބަތީލު އޮށޯވެލައިގެން ޓީވީ ބަލަން އޮތެވެ. ބަލްމާ ޔުނީފޯމް ބަދަލުކޮއްލައިގެން އައުމުން ކާން އިށީނީ ދެކުދިން އެކުގައެވެ. އެތަށް ފަހަރަކު ބަތީލަށް އުނދަގުން ކުރަމުން ދާ ޚިޔާލުގެ ވާހަކަ ދައްތަ، ބަލްމާގެ ގާތުގައި ބުނަން ހިތަށް އެރިއެއް ކަމަކު އެފަދައިން ކަންތައް ކުރާކަށް ނުކެރުނެވެ. އެތަށް ވާހަކައެއް ދެއްކުމަށްފަހު ދެކުދިންގެ އާދައިގެ ރޭތައް ފަދައިން ނިދަން އެނދަށް އެރިއެވެ.

ނިދުނީ ކޮންއިރަކުކަން ނޭނގުނު ކަމުގައި ވިޔަސް ދެކުދިންނަށްވެސް ތިބީ ނިދިފައެވެ. އާދަޔާއި ޚިލާފަށް މިރޭ ބަތީލު ފުރޮޅެމުންދިޔައެވެ. ގިނައިރެއް ނުވެ ބަތީލު ތެދުވެ އެނދުގައި އިށީނީ ގައިގާ އަޅާފައި އޮތް ފޮތިގަނޑު ދުރަށް ޖައްސާލަމުންނެވެ. ބަތީލަށް ވަނީ ވަރަށް ބޮޑަށް ހޫނު ވެފައެވެ. މޫނާއި މުޅި ގައިންވެސް ދާތިކި އޮހެރެނީއެވެ. ކެތްނުވާހާ ހޫނު ވަނީއެވެ. އަޅުވާފައި ހުރި ތުވާލި ނަގައި ގައިގާ ހަކާލީ ދާތަށް ފޮހެލުމަށެވެ. އޭރު ލައިގެން ހުރި ނައިޓީގެ ބޮޑުބައެއް ވަނީ ފޯވެފައެވެ. ނިދާބޮކީގެ ފަނޑުއަލީގައި ބަތީލް ފަންކާ ހުރީ އެންމެ ބާރު މިނުގައި އެނބުރޭވަރަށް ޖައްސާފައިތޯ ބަލާލިއެވެ. ފަންކާގެ މައްސަލައެއް ނެތެވެ. ބަލްމާއަށް ބަލާލިއިރު އޭނާވެސް އޮތީ ގަދަ ނިދީގައެވެ. ވީއިރު މިރޭ ބަތީލަށް ނުނިދެންވީ ސަބަބެއް އޭނާއަށް ނުވިސްނުނެވެ. އިރުކޮޅަކު އެނދުގައި އިށީނދެގެން އިނުމަށްފަހު ބަތީލަށް ވިސްނުނީ ހޫނު މަޑުކުރުމަށް ފާޚާނާއަށް ވަދެ ފެންވަރާލުމަށެވެ.

ފާޚާނާގައި ފެން މާގަނޑު ދޫކޮއްލައިގެން ބަތީލު ހުއްޓެވެ. އޭނާގެ ހަށިގަނޑުގައި ޖެހެމުންދިޔަ ފިނި ފިނި ފެންތިކި ތަކުން ހޫނުކަން ކުޑަވެ ހަށިގަނޑަށް އަރާމު ލިއްބައިދިނެވެ. އާދަޔާއި ޚިޔާފު ގޮތްތަކެއް ހަށިގަނޑަށް ވާހެންވެސް އޭނާއަށް ހީވެއެވެ. އެކަމަކު ފާޚާނާއިން ނުކުންނާކަށް ބޭނުމެއްނުވެއެވެ. ހަށިގަނޑުގެ އުނަގަނޑުން ތިރީގެ މަސްތަކަށް ބާރުތަކެއް އަރާހެން ބަތީލަށް އިޙްސާސް ވެއެވެ. އެހެންނަމަވެސް ބުނެދޭންނޭނގޭ އިތުރު ލޮޑުކަމެއްވެސް ބަތީލަށް އިޙްސާސް ކުރެވެމުންދިޔައެވެ. އަމިއްލަ ހަރަކާތްތަކުގެ މައްޗަށް ބާރު ނުފޯރުވޭހެންވެސް ބަތީލަށް ހީވާން ފެށިއެވެ. ޢަމަލުވެފައި ހުރި މީހެއްހެން ފާޚާނާ ތެރޭގައި ބަތީލު ހުއްޓާ އޭނާއަށް ހޭވެރިކަން ވީ ފާޚާނާގައި ޓަކި ޖެހި އަޑަށެވެ.

“ބައްތޫ، އަވަސްކޮއްގެން ނުކުމެބަލަ، މިގަޑީގަ ފާޚާނާގައި ކީއްތަ ތިކުރަނީ” ފާޚާނާއަށް ދާންޖެހިގެން ހޭލެވުނު ބަލްމާ ބުނެލިއެވެ. އޭނާ ހުރީ ފާޚާނާ ދޮރުކައިރީ ހުއްޓިލައިގެންނެވެ.

ތެޅިގަނެވުނު ބަތީލު ވަގުތުން ފެންމާގަނޑު ބަންދުކޮއްލިއެވެ. އަދި އަވަސް އަވަހަށް ތުވާލި ނަގާ ގައިގާ އޮޅާލުމާއިއެކު ފާޚާނާގެ ދޮރު ހުޅުވާލިއެވެ.

“ކޮންއިރަކު އަހަރެން ފާޚާނާއަށް ވަނީ، މިގަޑީގަ ކީއްކުރަން ފެންވަރަންވީކީ، އަނެއްކާ ނިދީގަ ހުރެގެން ފެންވެރުނީތަ، ގަޑިން ކިހާ އިރެއްބާ” ބަލްމާ ފާޚާނާއަށް ވަންއިރުވެސް ދޮރުމަތީގައި ހުއްޓުން އަރާފައި ހުރި ބަތީލުގެ ސިކުނޑިއަށް އަރަމުންދިޔައެވެ. ގަޑިން ވީއިރެއް ބަލާލުމަށް ކޮޓަރީގެ ބޮކި ދިއްލާލިއިރު ފަތިހު ހަތަރެއް ޖަހަން އުޅެނީއެވެ. ދެންވެސް ބަތީލަށް ވިސްނުނީ ފެންވަރަންވީ ސަބަބަކާއިމެދުއެވެ. ނިދާ ހެދުން ލާން ބަލާލިއިރު އޭތި އޮތީ މުޅިން ފޯވެފައެވެ. މަޑުން ބަތީލުގެ ހަނދާނަށް ކަންވީގޮތް އަންނަން ފެށިއެވެ. ފެންވަރަން ފެށުމުން އޭނާ އެތަނުން ނުކުންނަހިތް ނުވުމެވެ. ފާޚާނާގައި ހުންނަން ބޭނުންވީ ހަށިގަނޑަށް ނޭގޭ އަރާމުކަމެއް އިޙްސާސް ކުރެވުމުންނެވެ.

“ބައްތޫ… ނުނިދިގެން ތިއުޅެނީ ކިހިނެއްތަ ވީ، އަހަރެން ހާދަ އިރަކު އިނީމީ ބައްތު ފާހާނާއިން ނުކުމޭތޯ” ބަލްމާގެ ނިދިވެސް ބަތީލާއި ހެދިވަނި ފިލާފައެވެ. އެކަމާ އޭނާ ޝަކުވާވެސް ކުރިއެވެ.

“ބެލް، ހޫނުވާވަރުން ހިތަށް އެރީ ފެންވެރީމައޭ ހޫނު މަޑުވާނީ، ދެން ފެންވަރާލީމަ އަރާމުވީވަރުން ހުރެވުނީ މާގަނޑު ދޮށުގަ، ބެލްއަށް ހޫނެއް ނުވޭތަ” ބަތީލު އޭނާ ކުރިން ލައިގެން އޮތް ނިދާހެދުން ދާވަށިގަނޑަށް ލާފައި އަލަމާރިން ޓީޝާރޓަކާއި ސޯޓެއް ނަގާ ލަމުން ބުނެލިއެވެ. އަދި އޭނާގެ ކޮނޑާއި ހަމައަށް އަންނަ ރާޅުބާނި އިސްތަށިގަނޑުން ފެން ހިއްކާލުމާއިއެކު ފުނާއަޅަން ފެށިއެވެ.

“ކީއްވެ ހޫނުވާންވީ، އަދިވެސް އެ އިވެނީ ވާރޭ ވެހޭ އަޑު، މިރޭ އަދި އެހެން ރޭ ރެއަށްވުރެ ފިނި” ބަލްމާ އެނދަށް އަރާ ކަންނޭލުގައި ބައްދާލަމުން ބުންޏެވެ.

ބަތީލަށް ވާރޭގެ ތިކިތަށް އައިސް ފުރާޅުގައި ޖެހޭއަޑުއިވުނީ ދެނެވެ. އޭނާއަށް އެއަޑު ނީވުނީ ކީއްވެބާއޭ ސުވާލު އުފެދުނެވެ. ހަމަ އެވަގުތު ޖަވާބު ހޯދަން އުނދަގޫ އެތަށް ސުވާލެއް އެސިކުނޑިއަށް އަރަައި ފައިބައިގަތެވެ. އޭނާއަށް ކަމެއް ވަނީބާއެވެ. އެނދުގައި ވިސްނަން އެތަށް އިރަކު ބަތީލު އިނެވެ. އޭނާގެ ކޮނޑާ ދިމާލުން ކަހަން ފެށީ ދެނެވެ. މަޑުމަޑުން ތެދުވެގެން އައިސް ލޯގަނޑު ކުރިމަތީ ހުއްޓި ޓީޝާރޓުގެ ކަރުވަޅު އެއްފަރާތް ކޮއްލަމުން ކޮނޑުމަތި ބަލާލިއެވެ.

ދިއްލާފައި ހުރި ބޮކީގެ ހުދުއަލިން ބަތީލަށް އޭނާގެ ކޮނޑުމަތީގައި ރަތްވެފައި ހުރި ތަންގަނޑު ވަރަށް ސާފުކޮށް ފެނުނެވެ. ކަންބޮޑުވިވަރުން ލޯގަނޑާއި ވަކިން ކައިރި ވެލާފައި ބަތީލު ޔަގީން ކުރިއެވެ.

“ބައްތޫ، ކިހިނެއްތަވީ، އެއްޗެއް ހެފީތަ” ބަތީލު އުޅޭގޮތުން ނުނިދިފައި އޮތް ބަލްމާ ބުންޏެވެ.

“އާން، ކޮންމެވެސް އެއްޗެއް ހެފީހެން ހީވަނީ، ވަރަށް ކަހާ އެބަ، ރަތްވެސް ވެފަ ހުރީ” ބަތީލު ހަމަޖެހެން މަސައްކަތް ކުރަމުން ބުނެލިއެވެ.

“ކޮލޯން ހާކާލަބަލަ، އޭރުން އޯކޭ ވެދާނެ، ދެން ލައިޓު ނިވާ ލާފަ ނިދާ ބޮކި ޖައްސަބަލަ، އަހަރެން ވަރަށް ޓަޔަރޑް ވެފަ މިއޮތީ” ބަލްމާ ބުނެލިއެވެ.

އެނދުގައި އޮށޯވެގެން އޮތް ބަތީލުގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. އެއަށްވުރެ އޭނާގެ ސިކުނޑީގެ ހާސްކަން ބޮޑެވެ. މީގެ ކުރިން ދުވަހަކުވެސް ނިދީގައި ހުރެގެން އެއްވެސް ކަމެއް ކުރެވިފައެއް ނެތެވެ. އަދި އޭނާގެ މައިންބަފައިންގެ ފަރާތުންވެސް ބަތީލުގެ ގައިގާ އެފަދަ ސިފައެއް ހުންނަކަމެއް އެނގިފައެއް ނެތެވެ. އެންމެ ހައިރާންވީ ބަތީލަށް ވާރޭ ވެހޭ އަޑު ނީވުނީމައެވެ. ބަލްމާ ބުނިފަހުން އެކޮޓަރި އެހެން ރޭ ރެއަށްވުރެ މިރޭ ފިނިކަންވެސް ބަތީލަށް އިޙްސާސް ކުރެވުނެވެ. އަނެއްކޮޅުން ޖޯލީގައި އޮއްވާ ކޮންމެވެސް އެއްޗެއް އޭނާގެ ކޮނޑާ ދިމާލުން ބީހުނުކަން ޔަގީނެވެ. މިހާރު ރަތްވެފައި ހުރީވެސް ހަމަ އެދިމާލެވެ. މިވަނީ ކިހިނެއް ބާއޭ ބަތީލު ހިތަށް އަރަމުންދިޔައެވެ.

“ކޮން ކަމަކާތަ ތި ބިރުގަންނަނީ، ބައްތޫ، ތީ އެހާ ފިނޑި ކުއްޖެއްނޫން، އެކަމާ ނުވިސްނާ ނިދޭތޯ އުޅޭ، ވެދާނެ ހުވަނި ޖެހުނީ ކަމަށްވެސް، ގަސްދޮށުގައި އޮތުމުން އެކަހަލަ އެއްޗެއް އެރީ ކަމަށް އެވާނީ، ދިރޭ އެއްޗެއް ގައިގާ އުޅުމުން ބައްތުއަށް ހަޅޭލަވައި ގަނެވުނީ، އެއީ އެވަރު ކަމެއް ނޫން، އެކަމާ ދެން އިތުރަށް ވިސްނާނަމަ ބޯގޮވާފާނެ، އެހެންނޫނަސް އެތާ ތިބި އާން އާއި މަޑޭވެސް، އެމީހުންނަށްވެސް އެނގޭނެ އެތާ މީހަކު ހުރިނަމަ، އެންމެ ކައިރީގަ ހުރީ މިންހާޖު، ޤައިމު އޭނާއަށް ފެންނާނެ އެންނު ބައްތު ކައިރީ މީހަކު ހުރިނަމަ، ނުވިސްނާ ނިދަމާ…” މާބޮޑަށް ހާސްވެ ކަންބޮޑުވެ ބިރުގަންނަ ގޮތް ވުމުން ބަތީލު އަމިއްލައަށް އޭނާގެ ސިކުނޑީއަށާއި ޒަމީރަށް ވިސްނާދޭން މަސައްކަތް ކުރިއެވެ. އަދި ދިމާވި އެއްވެސް ކަމެއްގައި އެއްވެސް މާނައެއް ނުވާކަމަށް ޤަބޫލުކޮށް ނިދޭތޯ އުޅުނެވެ. ނަމަވެސް ދެލޯ މަރައިގެން މާގިނަ އިރަކު އޮންނާކަށް ބަތީލަކަށް ނުކެރުނެވެ. މިފަދަ ހާލެއްގައި އުޅެނިކޮށް ލޮލުފިޔަ ޖަހާލެވުނީ މިސްކިތު މުދިމު ފަތިސް ނަމާދަށް ބަންގި ގޮވި އަޑުއިވުނު ފަހުންނެވެ.

މެންދުރުވެ ދިޔައިރުވެސް ބަލްމާ އާއި ބަތީލު އެނދުން ހިއްލާ ނުލައެވެ. ދާރާ ގޭތެރޭގައި އެއްކަމެއް ކޮއްލާފައި އަނެއްކަމެއް ކޮއްލާފައި އުޅެއެވެ. މިއަދު ޑިއުޓީގައި ހުރެފައި ބިންޏާ މާކުރީގައި އައިސް އުޅޭ ދުވަހެކެވެ. ބިންޏާ އާއި ޢާއިލާގެ ހަގު ދެކުދިންނާ މާބޮޑު ގުޅުމެއް ނޯވެއެވެ. ބިންޏާ ޤަބޫލު ކުރާ ގޮތުގައި އޭނާގެ ދެކޮއްކޮއަކީ ވިޔާނުދާ، އަޙްލާގީ ފެންވަރު ދަށް މުޅި ރަށުތެރެއަށް ގިނަވެފައި ތިބި ބައެކެވެ. އެފަދަ ބަޔަކާއި ޢާއިލީ ގުޅުން ބާއްވަން އެނާ ބޭނުން ނުވަނީއެވެ. ގެއަކީ އޭނާގެ ގެއަކަށްވީނަމަ މިހާރު އެދެބެން އެގޭން ނެރެލާނެތާ ކިތަންމެ ދުވަހަކެވެ. ދޭތެރެއަކުން މަންމަ ދާރާ އާއި ދިމާލަށްވެސް އެއްޗެހި ބުނެހަދައެވެ. އެއިން ކޮންމެ ކަމެއްވެސް ގުޅިފައި އޮންނަނީ ބަލްމާ އާއި ބަތީލާއެވެ. އެމީހުން އެހެން އުޅެނީ ދާރާ އެމީހުންނަށް އެހާ މިނިވަންކަން ދޭތި ކަމުގައި އަބަދުވެސް ބިންޏާ ބުނަމުންދެއެވެ.

“މިއަދު އޮފީހުގަ ކަމެއް ނެތީތަ” ފެޝަން ފުރުޓު ވެޔޮ ދަށުގައި ހުރި ސަރަންފީ ގޮނޑިތަކުން ގޮނޑިއެއްގައި އިށީނދެލައިގެން ދޮލަނގަކަށް މުގު އަޅައިގެން އިނދެ ދާރާ ވާހަކަ ދެއްކީ ސިޓިން ރޫމުން ނުކުމެގެން އެދިމާލަށް އައި ބިންޏާ އާއިއެވެ.

“ނޫނޭ، މިހާރު އޮފީސް ފަރާތުން ހަދާ ކޯހުގެ ޓެސްޓު މާދަމާ އޮތީމަ ގެއަށް މިއައީ” ބިންޏާ، ދާރާގެ ކައިރީ އިށިންނަމުން ބުނެލިއެވެ.

“އެހެންތަ، ރަނގަޅަށް ދަސްކުރައްޗޭ، އިރާދަކުރެއްވިއްޔާ ރަނގަޅު ކާމިޔާބެއް ލިބޭނެ، ބިންޏާ، އަންނަ ހުކުރުގަ ގޭގަ ހުރިއްޔާ މަންމައަށް އެހީތެރިވެދޭން ނުކުމެ އުޅެއްޗޭ، ހިތަށް އަރައިގެން މިއުޅެނީ މުނީބުގެ ޢާއިލާއަށް ދައުވަތު ދޭން، އެމީހުން މިހަފްތާ ތެރޭ މާލެ އަންނާނެ ކަމަށް ބުނެފަ އޮތީ” ދާރާ އޭނާގެ ދޮށީ ދަރިފުޅުގެ ވާހަކަ ދެއްކިއެވެ.

“ދޮންބެ މާލެ އަންނަނީތަ، ހަތަރު މަސް ވީ ދޯ، ކުޑަކުޑަ އަޒްކާވެސް އަންނާނެ، މިހާރު ވަރަށް ލޯބި ހުންނަލެއް، ފޭސްބުކް އިން ފޮޓޯތައް ފެނުނު” ބިންޏާ ވަރަށް ހިނިއައިސްފައި ހުރެ ބުނެލިއެވެ.

“މަންމައަށްވެސް ތިބުނާ އެއްޗަކުން އެމަންޖެގެ ފޮޓޯގަނޑެއް ދައްކާލަބަލަ، ވަރަށް ދެކޭ ހިތުން މިހުންނަނީ” މައިވަންތަ ކުލުނާއިއެކު ދާރާއަށް ބުނެވުނެވެ.

“އަންނާނަން ލެޕްޓޮޕް ހިފައިގެން” ބިންޏާ އަވަސްވެ ގަތީ ދާރާއަށް އޭނާގެ މާމަ ދަރިފުޅުގެ ފޮޓޯ ދެއްކުމަށެވެ.

ފެންވަރާލައިގެން ބަލްމާ ނުކުން އިރު ބަތީލު ވަރަށް ހެވިފައި ފޯނުގައި އޮތެވެ. އެކަމަށް ފަރުވާލެއް ނުބަހައްޓާ ބަލްމާ ތައްޔާރު ވެލައިގެން ސިޓިން ރޫމަށް ނުކުތީ ޑިއުޓީއަށް ދާންވާއިރަށް ކޮންމެވެސް އެއްޗެއް ކާލާށެވެ. މަހުގެ ފަހުކޮޅަށްވެފައި އަތުގައި މިހާރު ލޯލާރި ފޮއްޗެއްވެސް ނެތީމައެވެ. ޑިއުޓީގައި އެހާ ގިނައިރު އިންނަން ޖެހޭއިރު އެއްޗެއް ނުކައި ދިޔަޔަސް އޭނާއަށް ލިބޭނީ އެތަނުން ބޯލާ ފެންފޮދު އެކަންޏެވެ.

“ބޭރަށް ދާންތަ ތިއުޅެނީ” ބަތީލު ރީތިވެލުމުން ޑިއުޓީއަށް ދާން ނުކުންނަން އުޅުނު ބަލްމާ އަހާލިއެވެ.

“ނޫން، މިއަދަކު ނުދާނަން، ކިހިނެއްވީ” ބަތީލު ވަރަށް ފަސޭހައިން ބުނެލިއެވެ. ސިކުނޑި ހަމަޖައްސާލަން އޭނާ ބޭނުންވީ ގޭގައި މަޑުކޮއްލާށެވެ. ނިދާލާފައި ތެދުވުމުން މިހާރު އޭނާއަށް ވަނީ ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއްވެސް ލިބިފައެވެ.

“ބުނަން އުޅުނީ ތިމީހުން ބޭރަށް ދަންޏާ މަ މިރޭ ބަލާ އަންނައްޗޭ، ދިނާރު ދެއްކި އޭނާގެ މާމަ ބަލިވެ އުޅޭތީ ބައްޕަ އާއިއެކު ހޮސްޕިޓަލުގައި މަޑުކޮއްލާ ވާހަކަ، އޭނާއަށް ނާދެވިއްޖެއްޔާ އަހަރެން އެކަނި އެންނު ގެއަށް އަންނަން ޖެހޭނީ، ހާދަ ދުރޭ އެއީ، މީހަކު ވައިވެސް ވާނެ އެހިސާބުން ހިނގާފަ އަންނަން” ބަލްމާ ވާހަކަ ދައްކަމުން ކޮޓަރިން ނުކުތެވެ. އޭނާ އާއި ދާދި އެކުއެކީގައިހެން ބަތީލުވެސް ނުކުތެވެ.

“އަހަރެން ބޭރަށް ނުނިކުތަސް މިންހާޖު އާއި މަޑޭ އުޅޭނެ އެންނު، އެމީހުން ގާތު ބުނެފާނަން ބެލް ބަލާ ގޮސްދޭށޭ، އެގޮތް އޯކޭ އެންނު” ބަތީލު ޚިޔާލު ފާޅު ކުރިއެވެ.

“އޯކޭ، އެކަމަކު އަހަރެން ބުނާނަން ދިނާރަށް ނާދެވެންޏާ، އޭރުން އެމީހުންނަށް ގުޅާނީ، ވާރޭ ވެހެންޏާ ކުޑައެއް ހިފައިގެން އަނައްޗޭ ބުނާތި، ނޫނީ މިގޭގަ އޮތް ބޮޑު ކުޑަ ދީފަ އެމީހުން ފޮނުވާ” ބަލްމާ ބުނެލިއެވެ. ބަތީލު އަވަސް އަވަހަށް ބޯޖަހާލަމުން ގޭޓުން ނުކުމެގެން ދިޔަ ބަލްމާއަށް ބަލަން ހުއްޓެވެ.

މަދުން ނަމަވެސް މަގުގައި ހިނގާބިނގާވެ އުޅޭ މީހުން ފެންނަމުންދިޔައެވެ. މޫސުން ފެންނަނީ އަލިކުރާ ކަހަލަ ގޮތަކަށް ނޫނެވެ. އަދިވެސް އޮންނަނީ ބަނަކޮށެވެ. އިއްޔެއަށްވުރެ މިއަދު ވައިމަޑެވެ. ދޮރުމަތީގައި ހުރި ބަތީލު ސިހިގެން ދިޔައީ ފާރު ކައިރިން ހިލަމެއް ވިހެން ހީވެއެވެ.

“ކަލޭ ދޯ، ބުނެފީމެންނު މިގެއަށް ނާންނާށޭ، މިގޭ ފާރު މައްޗަށް އަރަނީ ކީއްކުރަންތަ، ކަލޭވެސް ގޮސް އަމިއްލަ ގޭގަ އޮވެބަލަ، މުޅި ހިސާބު ގަނޑު މީހުންނަށް ދުއްޕާން ކުރަންޖެހޭތަ، އަދި މީހުން ސިއްސުވާލާ ފާޑަށޭ އަންނަނީވެސް” ބަތީލާއި ދިމާލަށް ބަލަހައްޓައިގެން ފާރު މަތީގައި އޮތް ބުޅަލަށް އެއްޗެހި ކިޔަން ފެށިއެވެ. އެއާއިއެކު އެސޮރު ފާޑެއްގެ “ހިސް” އެއް ލައްވާލުމާއިއެކު ރުޅިވެރި ގޮތަކަށް “މިއައު” ކިޔާލާފައި މަގުމައްޗާ ވީ ފަރާތަށް ފުންމާލައިފިއެވެ.

“ކީއްތަ ތިކުރަނީ ދޮރުމަތީގަ” ބަތީލުގެ ފަހަތުން ދާރާގެ އަޑު އިވުނެވެ.

“ކޮންމެވެސް ފިރިހެނަކާ ބައްދަލު ކުރަން އެހުންނަނީ، އެމީހުންގެ ދެވަނަ ކަމެއް އޮވޭތަ، ލަދުން ބޯހަލާކު” ދާރާ އާއިއެކު ސިޓިން ރޫމުން ނުކުން ބިންޏާ ބުނެލިއެވެ.

“އާން ކަލެއަށް އެންމެ ރަނގަޅަށް އެނގޭނީ” ވަގުތުން ރުޅި މޫނު ހަދާލި ބަތީލު ބިންޏާއަށް ރައްދު ޖަވާބު ދިނެވެ.

“ބަތީލު، ހުއްޓާލަބަލަ، ކޮން ޒުވާބެއް ކުރާކަށް ތިއުޅެނީ” ދާރާއަށް ބުނެވުނެވެ.

“ބަލަ މަންމަވެސް މިތާ ހުއްޓަ އެންނު އޭނާ ކުރިން ފެށީ، މަ އެއްޗެކޭ ބުނެގެންނަމަ ރަނގަޅު” ބަތީލު ބުންޏެވެ.

“ކޮންމެ މީހަކު އެއްޗެއް ބުންޏަސް ހެޔޮ، މަންމަ މިބުނަނީ ބަތީލު ގާތު އެންނު ހުއްޓާލާށޭ، އެހެންނޫނަސް ބިންޏާ ދަރިފުޅަށްވުރެ އެތަށް ތަނެއް ދޮށްޓެންނު” ދާރާގެ ވިސްނުން ބަތީލަށް އެއްވެސް ވަރަކަށް ކަމަކު ނުދިޔައެވެ.

“އޭނާ ދޮއްޓޭ ކިޔާފަ ބޭނުންހާ އެއްޗެއް ކިޔާންދެން އެއްޗެއް ނުބުނެ އަހަރެން ހުންނަންވީތަ، ނުވާނެ ތިކަމެއް، އޭނާ ބޭނުންހާ އެއްޗެއް ނުކިޔޭނެ މަށާ ދިމާލަކަށް، މަމީ އޭނާގެ އަޅެއްތަ ބުނިހާ ގޮތެއް ހަދަން” ރުޅި އައިސްފަ ހުރިވަރުން ބަތީލުގެ އަޑުވެސް ބާރެވެ. ހަލުވި ކަމާއިއެކު ބަތީލު އައިސް ވަނީ ކޮޓަރިއަށެވެ. ގޭތެރޭގައި ބިންޏާގެ އަޑުވެސް ގަދަވެގެން ދިޔައެވެ. އެކަމަށް ފަރުވާލެއް ނެތި ކޮޓަރީގައި ހުރި ކޮމްޕިއުޓަރ ކައިރީ ބަތީލު އިށީނދެގެން އިނެވެ.

* * * *

“އޭތް! މިންހާޖު، ކަލޭ ބިރެއްވެސް ނުގަނޭތަ، ތީ ކިހާ ގޯސް ކަމެއް” އާސިފް އޭނާގެ ރަޙުމަތްތެރި އާއިއެކު ރަށުގެ ދެކުނު ފަރާތުގައި ހުރި ގެއަކުން ނުކުންނަމުން ބުންޏެވެ.

“އަހަރެން މިއުޅެނީ ދެރައެއް ދޭކަށް ނޫން، ދެކޮޅަށްވެސް ފައިދާ، އަނެއްކާ ލޯބިދެވޭނީވެސް ހާޞިލުވީމަތާ، ނޫންތަ” މިންހާޖު މާނަފުން ހިނިގަނޑެއް ޖަހާލިއެވެ.

“ތިވަރުން އަހަންނެއް ނުހޯދާނަން” އާސިފު ދެފަރާތަށް ބޯހޫރާލަމުން ބުނެލިއެވެ.

* * * *

“ހެލޯ ބޭބްސް، ހާދަ މިސްވެޔޭ. ވަރަށް ހަނދާންވާތީ މިގުޅީ، ކީއްވެތަ މީޓު ނުވާން ތިއުޅެނީ، އަދިވެސް ތިހިރީ ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިފަހެން ހީވަނީ” ބަތީލުގެ ކަންފަތުގައި ޖަހާފައި ހުރި ފޯނުން މިންހާޖުގެ އަޑުއިވުނެވެ.

“ހަމަ ސީރިއަސްކޮށޭ، އަހަރެން އޯކޭ، މަންމަ މާބޮޑަށް ރުޅި ގަދަވެފަ ހުރީމަ ގޭގަ މަޑުކޮއްލީ، މަންމަ ކޫލްކޮއްލަންވެސް ވާނެ އެންނު” ބަތީލު ކޮމްޕިއުޓަރުގެ ސްކްރީނަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ.

“ބައްތު އަހަރެންގެ މަތިން މިސްއެއްވެސް ނުވޭ، އެހެންނޫންނަމަ އަހަންނާ ބައްދަލުކޮއްލާ ހިތްވާނެ އެންނު” މިންހާޖު ބުނެލިއެވެ.

“އެހެނެއްނޫނޭ، އަންޑަރސްޓޭންޑް ވެބަލަ، އަހަރެންވެސް ބޭނުމޭ މިންހާޖު ދެކިލަން” ބަތީލު ވިސްނައިދޭން ބޭނުންވާ ފަދަ ގޮތަކަށް ބުނެލިއެވެ.

“އަހަރެން ދަންތަ ތިގޭ ދޮރުމައްޗަށް، އެކުގައި ތިބެ ދުފާލާފަ އަންނާނީ، އޭރުން ފެނުނުކަން އޮންނާނެ އެންނު، އެކަމަކު ބާރަ ޖެހުމުގެ ކުރިން ބައްތު ނުކުންނަން ވާނެ” މިންހާޖު ކެތްތެރިކަން ކުޑަގޮތަކަށް ބުނެލިއެވެ.

މިންހާޖު އެއްޗެއް ބުނެފިނަމަ އޭނާ އާއި ދެކޮޅުހެދުމުގެ ބާރެއް ބަތީލަށް ލިބިފައެއްނުވެއެވެ. މިންހާޖަށްޓަކައި އޭނާގެ ފުރާނަވެސް ޤުރުބާން ކުރެވޭނެކަން އެނގެއެވެ. ބަތީލުގެ ހިތާއި ނަފްސުވެސް މިންހާޖު ފެނުމުން އޭނާގެ އަމިއްލަ ބާރުގެ ދަށުން ގެއްލި ދަނީ އަޖައިބެއް ފަދަ ގޮތަކަށެވެ. އުމުރުން ޅައެއް ކަމަކު، މީގެ ކުރިންވެސް ބަތީލުވަނީ ލޯބީގެ ގޮތުން ކުދިންނާއި ގުޅިފައެވެ. ނަމަވެސް މިންހާޖު ފެނުމުން އެވެވުނު ލޯތްބަކީ މުޅިން އައު ބާބެއް އޭނާގެ ހަޔާތުން ހުޅުވާލަދިން ފަދަ ޝައުގުވެރިކަން ބޮޑު ދަމާ ބާރު ގަދަ ޖަޒުބާތެކެވެ. މީހުންނަށް ފަސޭހައިން އިތުބާރު ނުކުރާ ބަތީލުގެ ހިތުގައި މިންހާޖާއިމެދު ސުވާލު އުފެދި ޝައްކުވާނޭ ފަދަ އެއްވެސް ޚިޔާލެއް ހުރަސްނުވެއެވެ.

މެންދަމު ބާރަ ޖެހިއިރު ބަތީލު ހުރީ ގޭޓު ކުރިމަތީގައި މިންހާޖާއި ވާހަކަ ދައްކާށެވެ. އެހެން ތިބިއިރު ތައްޔާރު ކޮއްފައި އޮތް ދެގަނޑު މޮޅު ބިލެތުން ބައެއްވަނީ ބަތީލުގެ އަނގައިގައެވެ. މިންހާޖު ވަރަށް ހިނިއައިސްފައި ހުރެ ބަތީލުގެ ކޯތާފަތުގައި ފިރުމަމުން އޭނާގެ އަތްތިލާގައި ހިފަހައްޓާލައިގެން ހުރެ އަތުގައި ބާކީ އޮތް ބިލެތްގަނޑުވެސް ބަތީލަށް ކާންދޭން މަސައްކަތް ކުރިއެވެ.

“މިންހާޖު، މީ އާފިހާރައަކުން ގެނައި ބިލެތްގަނޑެއްތަ، ވައްޑޭ ފިހާރައިން ހަދައިދޭ ބިލެތްގަނޑެއް ނޫންދޯ މިއީ” ބަތީލު ބުނެލިއެވެ. އަދި ދޭތެރެ ދޭތެރެއިން ފަސް އެނބުރި ސިޓިން ރޫމު ދޮރާ ދިމާލަށް ބަލާލެވެނީ ކޮޓަރީގައި އުޅޭ ދާރާއަށް ބަތީލު ގޭގައި ނެތްކަން އެނގިގެން ނުކުމެދާނެތީ އެކަމާ ހާސްވާ ވަރުންނެވެ.

“އާން، ތިހިރީ ބަދަލު ކޮއްލާފަ، ބައްތުއަށް ކަމުދަނީ ވައްޑޭ ފިހާރަ ބިލެތްގަނޑުނަމަ ދެން ގެންނާނީ އެތަނުން، އަން މި ފަހުބައިވެސް ކާލާ” މިންހާޖު ފަހު ބިލެތްކޮޅު ބަތީލުގެ އަނގަޏަށް ލަވާދޭން އުޅުނެވެ.

“މިރޭ ހާދަ ބައިވަރެކޭ ތިގެނައީ، މިންހާޖު ދުފާލަ ބަލަ ތިބިލެތްކޮޅު” ބަތީލު މޫނު ފަހަތަށް ޖައްސާލުމާއިއެކު މިންހާޖުގެ އަތުގައި ހިފަހައްޓާލަމުން ބުނެލިއެވެ.

“ބައްތުއަށް އެނގޭނެ އަހަންނަކީ ދުފާމީހެއްނޫންކަން، މަދު ފަހަރަކު ސުޕާރީ ފުކެއް އަނގަޔަށް މިލަނީ، މީ އަހަރެން ޚާއްޞަކޮށް ބައްތުއަށް ގެނެސްދޭ ހަދިޔާއެއް، އަހަންނަށް އެނގޭ ބައްތު ވަރަށް ދުފާކަން، އަހަރުމެން ދިމާވިއިރުވެސް އަހަންނަށް ވަރަށް ފާހަގަ ކުރެވުނު ބައްތު ވަރަށް ގަދަޔަށް ދުފާކަން، އަދި ހުނިލާފަ ދުފާ އަނގަ ރަތްކޮއްލާފައި ހުންނައިރު އަހަންނަށްވެސް ވަރަށް މަޖާ، މައްސަލައަކީ އަމިއްލަ އަށް ނުކުރިޔަސް، އެހެންމީހުން ކުރާތަން ފެނުނީމަ ހިތްހަމަޖެހޭކަން، ދެން ބައްތު ކާލާ، އެހެންނޫނީ ޖެހޭނީ މިބިލެތްކޮޅު އެއްލައިލާން، މީ އަހަރެންގެ ލޯބި ކަމުގައި ހީކޮށް ދެން ކާލާ” މިންހާޖު މިހެން ބުނެ ބަތީލުގެ އަތްތިލައިގެ ތެރެއަށް ބިލެތްކޮޅު ލާދިނެވެ.

ލުއިލުއި ހިނިތުންވުމަކާއިއެކު ބަތީލު އެންމެ ފަހު ބިލެތްކޮޅުވެސް އަނގަޔަށް ލުމާއިއެކު ހަފާލައިފިއެވެ. މިންހާޖާއިމެދު ލޯބި އިތުރުވެގެން ދިޔަކަހަލައެވެ. މިންހާޖު ކަހަލަ ރަނގަޅު މީހަކު ބަތީލުގެ ހަޔާތަށް އައީތީ އޭނާ ޝުކުރުވެރިވާން ބޭނުންވެއެވެ. މިންހާޖުގެ އަތުގެ ތެރެއަށް ވަންނަން މަސައްކަތް ކުރުމުން މިންހާޖު ޖެހުނީ ދުރަށެވެ. އެހަރަކާތުން ބަތީލު ހައިރާން ކުރުވިއެވެ.

“ކިހިނެއްވީ، އާދެބަލަ ގޭތެރެއަށް، މިތާ ބޭރު ސަރަންފީގައި ތިބޭއިރު ނޭނގޭނެ، މަންމަވެސް ހިޔެއްނުވޭ ދެން ނުކުންނާނެ ހެން، އަހަރެން މިނިކުތީ ސިޓިން ރޫމު ދޮރުގެ ތަޅުދަނޑިވެސް ހިފައިގެން، މިގަޑީގަ ދެން އަންނާނީ ބެލް، ހާސްނުވެބަލަ، ހިނގާބާ އެތެރެއަށް، ޕްލީޒް، މިންހާޖު ތިހާ ދުރުގަ ހުންނާތީ އަހަންނަށް ވަރަށް އުނދަގޫވޭ، ތަންކޮޅެއް ކައިރިއަށް ނާންނާނަންތަ” ބަތީލުގެ މިޒާޖަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައިހެން ހީވާންފެށިއެވެ. އޭނާގެ ވާހަކަދެއްކުމުގައި އިތުރު ގާތްކަމަކާއި މަސްތު ކަމެއް އެކުލެވިގެންދިޔައެވެ. ހަށިގަނޑުގައި ތަފާތު އޮއެވަރެއް އުފެދެން ފެށީ ކީއްވެކަމެއް، ކޮންއިރަކު ކަމެއް ވިސްނާކަށް ބަތީލު ބޭނުމެއްނޫނެވެ. މިންހާޖުގެ އަތުގައި ހިފާލުމާއިއެކު އަނެއްކާވެސް އޭނާގެ ގައިގާ ބައްދާލަން ބަތީލު މަސައްކަތް ކުރިއެވެ.

“ބައްތު ޕްލީޒް، މިގަޑިއަކު ނޫން، އަހަންނަކަށް ނުކެރޭނެ ތިގެއަށް ވަންނާކަށް، އެންމެ ނުބައި ވަގުތު ކަންނޭގެ ބައްތުގެ މަންމަ ވައްޓާލާނީ، އޭތި ކަޑަވާނޭ… ދެން ދޭ ބައްތު އެތެރެއަށް، މަވެސް މި ނައްޓާލަނީ ގެއަށް ދާން، ގެއަށް ގޮސްފަ ގުޅާނަން” މިންހާޖުގެ މޫނުމަތިން ހިނިތުންވުމަކާއިއެކު ހަމަޖެހިފައި ހުރިވަރު ދައްކަން މަސައްކަތް ކުރަމުން ބުނެލިއެވެ. ބަތީލަށް އަންނަ ބަދަލުތައް އޭނާއަށް ފާހަގަ ކުރެވޭހެންވެސް ބައެއް ފަހަރު ހީވެއެވެ. މިންހާޖު މަސައްކަތް ކުރީ ބަތީލު އަވަހަށް ގެއަށް ވެއްދުމަށެވެ. އެހެންނޫނީ ބައްތު އާއި ގާތްވެވިދާނެތީއެވެ. މިރެއަކީ އެގޮތަށް ރޭވިފައި އޮތް ރެއެއް ނޫނެވެ. އެހެންވެ އަވަސްވެގަންނަން ބޭނުންވީ ބައްތުގެ ފަރާތުން ސަލާމަތްވެވެން އޮތް ގޮތަކާއިމެދުއެވެ.

“ލޯބި ލޯބި ޓައިމްކޮޅެއް ސްޕެންޑްކޮއްނުލާ ދަނީތަ، އަހަރެން މިހިރީ ދެރަވެފަ” ބަތީލު ތުންކޮޅު އޫކޮއްލުމާއިއެކު ބުންޏެވެ.

“ބައްތު ޕްލީޒް، ދެން ދޭ ގޭތެރެއަށް ވަންނަން، އެހެންނޫނީ އަހަރެން މިދަނީ، މިރޭ ގުޅޭނީވެސް ފޯނު ޗާޖުވެސް ކޮއްގެން، މިހާރު ބެޓެރިވެސް ނިވެނީ، ގެއާއި ހަމައަށް ދެވެންދެން އަހަރެން ހުންނާނީ ބައްތުއަށް ގުޅައިގެން، އެގޮތް އެންމެ ރަނގަޅެންނު” މިންހާޖު ހަމަޖެހޭފަދަ ގޮތަކަށް ވާހަކަ ދެއްކިއެވެ. ބަތީލު ހިނިއައިސްފައި އަވަހަށް އެގޮތާއި ޤަބޫލުވިއެވެ.

* * * *

މާފަންނު ހީރާގޭގެ މެދަށް ހުންނަ ޒީނިޔާ އޭނާގެ ފިރިމީހާ އާއި ދަރިފުޅާއިއެކު އަމިއްލަ ވަޒަނަށް އައީއެވެ. ފިރިމީހާގެ ހަތަރުމަސް ދުވަހުގެ ކޯހުގެ ކިޔެވުން ނިމުމާއި ގުޅިގެންނެވެ. އަދި ބޮޑުވަމުން އަންނަ ދަރިފުޅަށް ރަނގަޅު ތަރުބިއްޔަތެއް ދޭން ބޭނުންވީވެސް އަމިއްލަ ފަސްގަނޑުގައި ޢާއިލާގެ މެންބަރުންގެ ގާތުގައި ތިބެގެންނެވެ.

“މަންމާ، މިތިބީ މާލޭގައި، ބުރާސްފަތި ދުވަހުގެ ރޭގައި ތިކޮޅަށް ފޯރާނެ ހެން ހީވަނީ، ދިގު ޗުއްޓީއެއް ހަދާލަން މިހާރު ބޭނުންވަނީ، ޒީވެސް ހުރީ ވަރަށް ރަށަށް ދާހިތުން، އަޒްކާއަށް މުޅިން އައު މާޚައުލަކަށް ތިކޮޅު ވާނީ، ބައްޕަ ކޮބާ، އަހަރެން މާލެ އައިކަން އެނގޭތަ، އެނގޭ ޝަކުވާ ކުރާނެކަން ތިކޮޅަށް ދާލެއް ލަސްކަމުން… ހެ ހެ ހެ” މުނީބު ހެމުން ވާހަކަދެއްކިއެވެ.

“ދަރިފުޅުގެ ފްލައިޓް އޮތް ގަޑިއެއް ނޭނގޭތީވެ ބައްޕައަށް ގުޅަންވީ ގަޑި ސާފު ނުވެ އޮތީ، ދަރިފުޅުމެން އަވަހަށް އާދޭ، ތިކުދިންނަށް ގޭގައި ކޮޓަރިއެއްވެސް ހުންނާނެ، އެނގޭތަ، ކުޑަކުޑަ އަޒްކާއަށްވެސް ކޮޓަރިއެއް ހުންނާނެ ދަރިފުޅުމެންގެ ކޮޓަރި ތެރެއިން ވަދެވޭގޮތަށް، ބައްޕަ ވަރަށް ތައްޔާރުވެފައި ހުރީ ދަރިފުޅު މިރަށަށް އަންނާނެ ދުވަހަކަށް، ދެން ތިކަހަލަ ގޮތަކަށްވިއްޔަ މަންމަމެންގެ ގާތަށް އާދެވޭނީވެސް” ދާރާ އޭނާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅާއި ފޯނުން ވާހަކަދެއްކިއެވެ.

 * * * *

“އޭތް! މިއޮތް ދިމާލަށް ވަންނަން ހިނގާބަލަ، މިހެން ލާފަ ހީވަނީ ވާގަޑުން ނުކުމެވޭނެހެން” ގަސްތަކު ތެރޭގައި އެގޮތް މިގޮތަށް އެނބުރެމުންދިޔަ ބަލްމާ އާއި ބަތީލުގެ ރަޙުމަތްތެރިންގެ ތެރެއިން ކުއްޖަކު ބުނެލިއަޑު އިވުނެވެ.

ދެތިން ދުވަސް ވަންދެން ގޭން ނުނިކުމެ ހުރި ބަތީލު އަނެއްކާވެސް އިހު އުޅުނު ގޮތަށް ބަދަލުވިއެވެ. ކޮނޑުމަތީގައި ނަގާފައި ހުރި ފިތްތައް އޭތި މީތި ހާކައިގެން ހިނދުނީމައި އޭނާގެ ހިތަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. ކުޑަހިނދުކޮޅަކަށް ނަމަވެސް ކުރެވުނު ބިރުވެރި އިޙްސާސްތައް ފިލައި ހިނގައްޖެއެވެ. އެހެންވުމުގެ ސަބަބުން މިންހާޖު އާއި އެކު ބައްދަލު ކުރުމުގައި ވަކި ތަނެއް ވަކި އިމެއް ކަނޑައެޅިފައެއް ނުވެއެވެ. ހަމައެގޮތަށް ބަލްމާ އާއި ދިނާރުގެ ގުޅުންވެސް ވަނީ ވަރަށް ގާތްވެފައެވެ. އެންމެންވެސް ގަސްތަކު ތެރޭން އެއްބަޔަކު އަނެއް ބަޔަކަށް ނުފެންނަ ހިސާބަށް ދިއުމަށް މަސައްކަތް ކުރިއެވެ. އަތުގައި މޯބައިލް ފޯނު އޮތުމުން ބޭނުންވެއްޖެ ހިނދެއްގައި ގުޅާލެވޭނެކަން ޔަގީން ކަމާއިއެކު އެނގޭތީއެވެ. އަދި އުޅެބޮޑުވި ރަށަށް ނުގެއްލޭނެކަންވެސް އެނގޭތީއެވެ. ވަލުން ނުކުތުމުގެ ބަދަލުގައި އަދިވެސް އެންމެން އުޅުނީ އެކި ދިމަދިމާލަށް ގޮސް ފިލާށެވެ.

ހިކިފަތްތައް ގައިދަށުވެ މުގުރެމުންދިޔައިރު ވަށައިގެންވި ހަމަހިމޭންކަން ނަގާލަމުން ދިޔައެވެ. ދޭތެރެއަކުން ގޮވާލާ ކާޅެއް ނޫނީ ކޮވެއްޔެއްގެ އަޑު އިވިދެއެވެ. ނޫނީ ވަލުތެރޭން މަދުން ނަމަވެސް ފެންނަ ވައްތަރުގެ ކުކުޅެއް ގޮވާލާހެން ހީވާ ފަދަ އަޑެއް އިވިދެއެވެ. ބަތީލުގެ ދެލޯ މެރިފައި އޮތްއިރު އޭނާގެ ހަށިގަނޑަށް މައްޗަށް ހެދިފައި ހުރި ބޮޑެތި ގަސްތަކުގެ ފަތްތަކުތެރޭން ފުރޭނިގެން ކަހަލަ ގޮތަކަށް ކޮކާއަވި އެޅިފައި ވެއެވެ. ދޭތެރެއަކުން މަޑު މަޑު ލުއި ހީނލުމެއްގެ އަޑު މިންހާޖާއި ބަތީލުގެ ތުންފަތުން ބޭރުވެގެންދެއެވެ. ގަސްވެރިޔާގެ ހުއްދަނެތި މާބުރު އައިސް އެގަހުގެ މަލުން ފޮނިބޯލީ، އެކަމާ އެމާ ގަޔާވާކަން އެނގޭތީއެވެ.

މިފަދަ ގައިގޯޅި ބައްދަލުވުންތައް ޤުރޫޕުގެ ތެރޭގައި ހިނގަމުންދިޔައެވެ. އެކަމާ ފާޑު ކިޔާނެ އެކަކުވެސް އެތަނަކު ނުވެއެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ފުރިހަމަ މިނިވަންކަމުގެ ބޭނުން ހިފަނީ ލަދެއް ބިރެއް ނެތިއެވެ. މައިންބަފައިންނަކީ ނަމެއްގައި ތިބޭ ބަޔެކެވެ. އެމީހުންނަށް ކަޅު ދޮންމިންވެސް ނޭނގެއެވެ. އަންގަން ބޭނުންވެސް ނުވަނީއެވެ. ނުބައި އާދަތަކަށް ދެވި ހިފަމުން ދިޔައީ މައިންބަފައިންނަށް އެމީހުންގެ ތަރުބިއްޔަތުގައި ބައެއް އުނިވެގެންނެއް ނޫނެވެ.

* * * *

މުނީބަށް އޭނާގެ މައިންބަފައިން ގާތަށް ރަށަށް އާދެވުނީ ކުރިންވެސް ރޭވިފައި އޮތް ގޮތަށް ހުކުރުވިލޭރޭގައެވެ. ގޭތެރެއަށް ހީވަނީ އުފާވެރިކަމުގެ އީދެއް އައިސްފައިވާހެނެވެ. ހަގު ދެކުދިން ފިޔަވާ ޢާއިލާގައި ތިބެން ޖެހޭ މީހުން މުނީބަށް މަރުޚަބާ ކިޔެވެ. ހަމަޖެހިލެވޭ ވަރު ވުމުން މުނީބުގެ އެންމެ ފުރަތަމަ ސުވާލަކަށްވެސް ވީ ބަތީލު އާއި ބަލްމާ އާއި ދެކުދިން ދެކިލުމެވެ. އެކުދިންނަށް ޚާއްޞަ ހަދިޔާއެއް ޒީނިޔާ ގެނައި ކަމުގައި މުނީބު ބުންޏެވެ. ދާރާއަށް ދޭނެ ރަނގަޅު ޖަވާބެއް ނޭނގުނެވެ. ދަރިފުޅުގެ އުފާވެރިކަން ގެއަށް ވަދެ ގިނައިރެއްނުވަނިސް ގެއްލިގެން ދާކަށް ދާރާއަކަށް ނޭދެވުނެވެ. ބިންޏާ ތުންއަނބުރާލަމުން ބަލާލީ ދާރާ އެއްޗެއް ބުނޭތޯއެވެ. އޭރު އެތަނުގައި އަންބަރުވެސް ހުރީ ދާރާ ބުނާނެ އެއްޗަކަށް އިންތިޒާރު ކުރާ ފަދަ ގޮތަކަށް ބަލަހައްޓައިގެންނެވެ.

“ރައްޓެހި ކުދި ބަޔަކާއިއެކު ވެއްޖެ ބޭރަށް ގޮސް، އަންނާނެ އިރުކޮޅަކުން، ހިނގާ ކާން ދަމާ” ދާރާ އަވަސް އަވަހަށް އުރުގައި އިން އަޒްކާ އުރާލަމުން މުނީބުމެން ގޮވައިގެން ކާމޭޒާ ދިމާލަށް ދިއުމަށް އަވަސްވެގަތެވެ. އެކަމާ އިތުރަށް އެއްޗެއް ބުނަން ބިންޏާ ބޭނުންވެފައި ހުރި ނަމަވެސް އަންބަރުގެ ލޮލުން ކޮއްލި އިޝާރާތާއިއެކު އޭނާވެސް އެކަން ހުއްޓާލާފައި މުނީބުމެންގެ ފަހަތުން ކާމޭޒާ ދިމާލަށް ދިޔައެވެ.

ކޮޓަރީއަށް އެއްޗެއް ބަލައި ވަން ވަގުތު ދާރާ އަވަސް އަވަހަށް ބަލްމާއަށް ގުޅިއެވެ. އަދި މުނީބު އައިސް އިން ވާހަކަ އާއި އެކުދިން ހޯދާ ވާހަކަވެސް ބުންޏެވެ. އެހެންވެ ބަތީލު ގޮވައިގެން ދެކުދިން އަވަހަށް ގެއަށް އައުމަށް އެދުނެވެ.

“މިދަނީ މަންމާ” ބަލްމާ ފޯނު ކޯލު ކަނޑާލިއެވެ. އަދި ގިނަ ދުވަސްތަކަކަށް ފަހު އޭނާވެސް ހުރީ ޢާއިލާގައި ހުރި ހަމައެކަނި ބޭބެ ދެކެލާހިތްވެފައެވެ. އަވަސް އަވަހަށް އޮލަވާހަކައިގައި އިން ބަތީލުގެ އަތުގައި ހިފާ ނަގަމުން ގެއާ ދިމާލަށް ދާން ހިނގައިގަތެވެ. ގޭގައި މަޑުކުރުމަށް ބުނުމުންވެސް ބަލްމާ މަޑުނުކުރީ އޭނާގެ ބޭބެ އެމީހުންގެ މަތިން ހަނދާން ނުހުންނާނެކަމަށް ޔަގީން ކޮއްފައެވެ. މިހާރު ދިރިއުޅުމެއް ފަށައި މާލޭގައި ވަޒަންވެރިވެވުމުން މުނީބަކީ މާލޭ މީހެއްކަމަށް ބަލްމާ ޤަބޫލު ކުރިއެވެ. އެހެންވެ ދުވަހަކުވެސް ރަށަށް އަންނަން ބޭނުންނުވާނެކަމުގައި ހީކުރެވުނެވެ. ކޮއްކޮމެންގެ މަތިން ހަނދާން ކުރާނެ ވަގުތު މިހާރު މުނީބަށް ނުވާނެކަން ބަލްމާ ޔަގީން ކުރިއެވެ. އެހެންނަމަވެސް މުނީބު، ބަލްމާ އާއި ބަތީލު ވާހަކަ އެހުމުން، ބަލްމާއަށް ތަފާތު ހިތްވަރެއް ލިބިގެންދިޔައެވެ. ކުރަން ހުރި ކަންތައްތައް ހުއްޓާލާފައި ބޭބެގެ ގާތަށް ދިއުން މުހިންމުވެސް ވީއެވެ.

“އަސްތާ! މިއޮށް އައީ ކޮންބައެއް، ހާދަ ބޮޑުވެއްޖެޔޭ ދޯ، ބަލްމާވެސް އިސްކޮޅުން ދެމިލި ވަރު ދޯ، ބަތީލު ފާޑަކަށް ނުހުރެ އާދޭ އަވަހަށް އިށީންނަން، ޒީނިޔައްތަ ތިދެކުދިންނަށް ހަދިޔާ ނުދެވިގެން ހީވަނީ އެހެންފަދަ ކަމެއް ހެން، ކޮންތާކުންތަ ތިއައީ، ދޮންބެ ހީކުރީ ގެއަށް ވަންނަ އިރަށް އެންމެ ފުރަތަމަވެސް މަރުހަބާ ކިޔާނީ ބެލް އައި ބައްތު ކަމަށް” މުނީބުގެ އަޑުގައިވަނީ އޯގާތެރިކަމެވެ. ބަލްމާ އާއި ބަތީލުގެ ހަނދާނަށް އައީ އެމީހުންގެ ކުޑައިރެވެ. މުނީބު އަބަދުވެސް އެދެކުދިންނަށް ޚާއްޞަ ސަމާލުކަމެއް ދޭކަމެވެ. ބޭބެއެއްގެ ރައްކާތެރިކަމާއި އޯގާތެރިކަން ނޫނީ މުނީބުގެ ފަރާތުން ބަލްމާ އާއި ބަތީލަށް ފެނިފައެއް ނުވެއެވެ. ދުވަހަކުވެސް ބާރަށް ވާހަކައެއް ނުދައްކައެވެ. ދާރާ ބުނާކަމެއް ނުކުރި ކަމުގައި ވިޔަސް މުނީބު ކަމަކަށް އެދުމުން އެންމެ ކުޑައިރުވެސް ބަލްމާ އާއި ބަތީލު އެކަމެއް ކުރުމަށް އަވަސްވެގަނެވެ. މުނީބަށް ބަލަހައްޓައިގެން ބަލްމާ އައި ބަތީލު ތިބީ ޤަބޫލު ނުކުރެވިފައި ތިބި ގޮތަކަށެވެ. އެމީހުންނާއި ދުރުގައި އެހާ ދުވަހު އުޅެފައި އައި އިރުވެސް ހަމައެކަނި އައި ބަދަލަކީ މުނީބުގެ ސިފައަށް އައިސްފައިވާ ބަދަލުކަން ފާހަގަ ކުރެވިފައެވެ. ބަސްއަހާ ކުދިންތަކެއް ފަދައިން ބަތީލާއި ބަލްމާ އައިސް ސޯފާގައި އިށީނދެއްޖެއެވެ. މި މަންޒަރު ފެނި ދާރާގެ ލޮލުން މުޅިން އައު ވިދުމެއް ފާޅުވިކަހަލައެވެ. އުންމީދުގެ ހުޅުކޮޅު ކަނިވުމުގެ ކުރިން އަލުން ރޯވި ކަހަލައެވެ.

މުނީބު ވާހަކަ ދެއްކި އިރު ހީވަނީ އެންމެ ހަތަރު މަސް ދުވަސްވެސް ހަތަރު އަހަރުހެންނެވެ. ޢާއިލާ އާއި ދިމާވެގެން މިއުޅެނީ އެހާ ދުވަސް ފަހުން ހެންނެވެ.

“މަންމަ ފުރަން އުޅޭ ކަހަލަ ވާހަކައެއް ބިންޏާ ދެއްކި، އެކަން އޮތީ ކޮންއިރަކުން، އަނެއްކާ އަހަރުމެން މިކޮޅަށް އައީމަ މަންމަގެ ޕްލޭންތަކަށް ދައްޗެއް ނުވާނެތަ” މުނީބު ކަމެއް ހަނދާންވެގެން އަހާލާ ކަހަލަ ގޮތަކަށް އޭރު ދައްކަން އިން ވާހަކަ ހުއްޓާލާފައި ބުނެލިއެވެ.

“އާން، އެއީ ތެދެއް، ފުރަން ކަމަށް މިއުޅެނީ، ބައްޕަ އާއިއެކު މިތާ ކައިރީ ރަށަކަށް ދަނީ، ބައްޕަގެ ތިމާގެ މީހުންވެސް ތިބީ އެރަށުގަ، އަނެއްކާ މިދަނީ އެރަށުން ބައްޕަ ނެގި ބިން އޮތީ ކިހިނެއްތޯ ބަލާލަން، ދޯ އަންބަރު، އަސްލު ބޮޑަށް ބައްޕަ އެދިގެން މިދަނީ” ދާރާ ބުނެލިއެވެ.

“އެއީ ތެދެއް، ބައްޕަ ބޭނުންވަނީ މިފަހަރު ގޮސް އެބިން ދިގު މުއްދަތަކަށް ކުއްޔަށް ދޭންކަމަށް، މިހާރުވެސް އެތަނުގައި ދަނޑުވެރިކަން ކުރަމުން އެދަނީ، ބައްޕަމެންނަށް މިއޮންނަނީ ގިނަ ފަހަރަށް ނުދެވިފަ ތަން އޮންނަ ގޮތް ބަލާލަންވެސް، މުނީބު ދާންވީނު ބައްޕަމެންނާއިއެކު މިފަހަރު” އަންބަރު ޚިޔާލު ފާޅު ކުރިއެވެ.

“ތީ ރަނގަޅު ގޮތެއް، އޭރުން އެއްފަހަރާ ދެތަނުގައި ޗުއްޓީ ހޭދަކޮއްލެވުނީ، ޒީ، ދާން ފެނޭތަ، ކީކޭ ބުނަނީ” މުނީބު އޭނާގެ އަންހެންނުންނާ ދިމާލަށް ބަލާލިއެވެ.

“މުނީބު ދަންޏާ މަވެސް މިހިރީ ދާގޮތަށް”  ޒީނިޔާ ހިނިތުންވެލަމުން ބުނެލިއެވެ. ނަމަވެސް ހަޤީޤަތް އެތަނުގައި ތިބި އެންމެންނަށް ޒީނިޔާ ވަނީ ސިއްރުކޮށްފައެވެ. އޭނާ އެރަށަށް އައީވެސް މުނީބުގެ ޢާއިލާ ކައިރިއަށެވެ. އެރަށު އެންމެންގެ ހާލު ދެކެކޭކަށް ނޫނެވެ. އެހެންނޫނަސް އޭނާ ރާއްޖެތެރޭ މީހުން ދެކެ ވަރަށް ފޫހިވެއެވެ. މުނީބުގެ މަންމަމެންނާ އެހާ ގާތް ގުޅުމެއް އޮންނަނީ އޭނާ މުނީބު ދެކެ ވާލޯތްބެއްގެ ބޮޑުކަމުންނެވެ. ކޮންމެހެން މުނީބުގެ ތިމާގެ މީހުންނާ ގުޅުން ބަދަހި ކުރާކަށް އޭނާ ބޭނުމެއްނޫނެވެ. ރާއްޖެތެރޭގައި އައިސް އުޅުމަކީ އޭނާއަށް ބޮޑު ތުރާލެކެވެ. އަނެއްކޮޅުން އޭނާ ވަރަށް ފޫހިވެސް ވާ ބައެކެވެ. ޒީނިޔާ އިން ތަނުން ތެދުވެގެން ދަރިފުޅު ގޮވައިގެން އައިސް ވަނީ އޭގެ ދެމަފިރިންނަށް ޚާއްޞަ ކުރެވިފައި ހުރި ކޮޓަރިއަށެވެ. އޭނާގެ ފަހަތުން ބިންޏާ އަވަސް އަވަހަށް އައެވެ. މިތަން ފެނި ބަލްމާ އާއި ބަތީލުވެސް އައިސް އެމީހުންގެ ކޮޓަރިއަށް ވަނެވެ.

“އަޒްކޮ ވަރަށް ލޯބި ދޯ މިހާރު” ބަލްމާ ފާޚާނާއަށް ވަންނަން ތައްޔާރު ވެލާފައި ބުނެލިއެވެ.

“ހޫމް، އަހަރެން ހީކުރީ މަންމަ ދޮންބެ ގާތު އަހަރުމެންނޭ ކިޔައިގެން އަވަހަށް ކިޔައިގަންނާނެ ކަމަށް، ނަސީބެއް، އެހެންނޫނީ ދޮންބެވެސް ހުންނާނީ ލޭމައްޗަށް ގޮސްފަކަން ޔަގީން، މަންމަގެ ކަންތައް ބޮޑުކަމުން” ބަތީލުގެ ފޫ އެނދުގައި ޖެހުމާއިއެކު ކުދި ކިޔަން ފެށިއެވެ.

“އަހަރުމެން އަބަދު ބޭރުގަ އުޅޭތި އެންނު މަންމަ އެއްޗެހި ކިޔަނީ، ބައްތު ދެން މާ އޯވާރ ވެގެން އުޅެނީ، މިންހާޖުވެސް ވަރަށް ފާޑެއް ވެއްޖެހެން މަށަށް ހީވަނީ، އެވާހަކަވެސް ދައްކަންވެފަ އޮތީ، މި ނިކުންނަނީ ފާޚާނާއަށް ވަދެފަ” ބަލްމާ ފާޚާނާއަށް ވަނެވެ.

މިންހާޖުގެ ނަން އިވުމާއިއެކު ބަތީލު އިނީ މޫނު ހަދާލައިގެންނެވެ. މިންހާޖު އޭ ކިޔައިގެން އެއްވެސް އެއްޗެއް މީހަކު ބުނާއަޑު އަހާކަށް ބަތީލު ބޭނުމެއް ނޫނެވެ. އެކަމަކު އެންމެ އެއްކޮށް އަބަދުހެން އުޅެނީ ބަލްމާ ކަމަށް ވާއިރު އޭނާ އާއި ދެބަސްވެ އަރައިރުން ވާކަށްވެސް ބަތީލުގެ ހިތެއް ނުރުހެއެވެ. ބަލްމާ ފާޚާނާއިން ނުކުންތަން ފެނުމާއިއެކު އަވަހަށް ބަތީލު ސުވާލު ކުރިއެވެ.

“މިންހާޖު ކިހިނެއްވީ” ބަތީލަށް އަހާލެވުނީ ފޫހި ގޮތަކަށެވެ.

“މަގޭ ކައިރީ ރައްޓެހިވާން އަހާތީ، ދިނާރުވެސް މިހާރު އޭނާ ގާތު ބުނެފި މަޖަލެއް ނޫނޭ، އެކަން ހުއްޓާލާށޭ، އެހެންނޫނަސް އަހަރެން ކީއްކުރަން އޭނާ އާއި ރައްޓެހިވާން ވީ، ބައްތުގެ ބޯއީ ފްރެންޑް ވިއްޔަ، އޭނާ ގާތު ބުނެބަލަ އެހެން ނުކިޔާށޭ، ބައްތުއަށް މައްސަލައެއް ނޫން ދޯ، އޭނާ ހެދިހާ ގޮތަކަށް ހެދިގެން ބައްތު ތިހުންނަނީ، މިހާރު އަދި ވަކިން ބޮޑަށް ހީވޭ އެހެން، ބައްތު އުޅޭ ގޮތުން ހީވަނީ ތީ މިންހާޖުގެ އަޅެއްހެން، ވަރަށް ފޫހިވޭ”  ބަލްމާ އައިސް ކޮމްޕިއުޓަރ ކައިރީ އިށީނެވެ.

“އެއީ މީހަކު ސީރިއަސް ވާންޖެހޭ ވަރު ކަމެއްތަ، އަހަރެން އަޅާނުލަނީ އެއީ މިންހާޖު މަޖަލަށް ކުރާ ކަމެއް ވީމަ، ބެލްވެސް ތިހާ ވަރު ވާނެ ކަމެއް ނޭނގޭ ވިއްޔަ، ހޫމް، ދެން މަ ބުނާނަން މިންހާޖު ގާތު އެކަހަލަ ސަކަރާތެއް ބެލް އާއި ޖަހައިގެން ނުވާނެއޭ” ބަތީލު ބުނެލިއެވެ. މިންހާޖުގެ ފޯނު ކޯލެއްވެސް އައީ ހަމަ އެވަގުތު އެވެ. ލިބުނު ފޫހިކަން ފިލައިގެން ދިޔައީ މަދު ސުކޫންތު ކޮޅެއްގެ ތެރޭގައެވެ. ބަތީލު އަވަސް އަވަހަށް ފޯނު ނަގާ ކަންފަތުގައި ޖައްސާލަމުން އެނދުމައްޗަށް އުއްޑުން ވެއްޓިގަތެވެ.

ދަންވަރުގެ ހަމަހިމޭންކަން ފޫދުއްވާލީ އަޒްކާގެ ރުއިމުގެ އަޑުންނެވެ. ނިދާފައި އޮތް ޒީނިޔާ އަށާއި މުނީބު ދިޔައީ ސިއްސައިގެންނެވެ. ދެމަފިރިންވެސް ކަންބޮޑުވުމާއިއެކު ދަރިފުޅުގެ ބާރު ރުއިމުގެ އަޑު އައި ދިމާލަށް ދުއްވައިގަނެވުނެވެ. ޒީނިޔާ ކުޑައެނދާއި ކައިރި ވެލަން އުޅުނު ވަގުތު މުނީބު ކޮޓަރީގެ ހޮޅިބުރި ޖައްސާލިއެވެ. ވަގުތުން މުޅި ކޮޓަރި އަލިވެގެން ދިޔައެވެ. އޭރު ޒީނިޔާގެ އަތްވަނީ ކުޑައެނދުގެ ތެރެއަށް ތިރިކޮއްލެވިފައެވެ.

“މުނީބު” ކުއްލިއަކަށް ހަށިގަނޑު ތެދުކޮއްލި ޒީނިޔާ ހައިރާންކަމާއިއެކު ސިހިފައި ފަހަތަށް ޖެހިލިއެވެ.

“އަޒްކޮ… ނިދާފަ… ކިހިނެއް” އަވަސް އަވަހަށް ޒީނިޔާގެ ގާތުގައި އައިސް ހުއްޓުނު މުނީބު ކުޑައެނދަށް ބަލާލުމާއިއެކު ހައިރާންވި ވަރުން ބުނެވުނެވެ.

“މުނީބަށްވެސް އަޑު އިވުނު ދޯ، ނޫނީ އަހަރެން ފުންމައިގެން ތެދުވީމަތަ މުނީބުވެސް ތެދުވީ، މަށަށް ޔަގީން އޭރު އިވުނީ އަޒްކޮގެ ރުއިމުގެ އަޑުކަން” އަދިވެސް ކަންބޮޑުވެފައި ހުރެ ޒީނިޔާއަށް ބުނެލެވުނެވެ. މުނީބު އޭނާގެ ލޯބިވާ އަންހެނުން ގެނެސް ގަޔާ ކައިރިކޮއްލަމުން ހަމަޖައްސާލެވޭތީ އުޅުނެވެ.

“މަށަށްވެސް ހޭލެވުނީ އަޒްކޮގެ ރުއިމުގެ އަޑު އިވިގެން، އެވާނީ މިތާ ކައިރި ގެއަކުން ކުއްޖަކު ރޯން ފެށި އަޑުކަމަށް، ރަށްފުށުގަ ވީމަ މާލެއަށްވުރެ ހަމަހިމޭންވާނެ އެންނު، ހިނގާ ނިދަމާ، އަޒްކޮވެސް އެއޮތީ ގަދަ ނިދީގަ” މުނީބު، ޒީނިޔާ ގޮވައިގެން އެނދާ ދިމާލަށް ހިނގައިގަންނަން އުޅުނެވެ.

“އަޒްކޮ ގެނެސް އަހަރުމެންގެ ގާތުގަ ބާއްވަން އަހަންނަށް ފެންނަނީ، އޭރުން ހަމަ ނިދި ނިދާލެވޭނީ، އަހަރެން ހީކުރީ މުޅިން އައު މާޙައުލެއްވީމަ އަޒްކޮއަށް ނިދަން އުނދަގޫވީ ކަމަށް” އިވުނު އަޑާއިމެދު ސުވާލު އުފެދިފަ ހުއްޓަސް، ޒީނިޔާވެސް ބެލީ ހަމަޖެހެލެވޭތޯއެވެ. މުނީބު، ޒީނިޔާގެ އެދުމަށް ކުޑައެނދުގައި އޮތް އަޒްކާ އުރާލައިގެން އައިސް އެމީހުންގެ ނިދާ ބޮޑު އެނދުގެ މެދުގައި ބާއްވާލިއެވެ. އަދި ދެފަރާތަށް ދެމަފިރިން އަރާ ނިދާ ލެވޭތޯ މަސައްކަތް ފެށިއެވެ.

ހެނދުނުގެ ނާސްތާ ކުރުމުގައި ކާމޭޒު ދޮށުގައި މުނީބުގެ ޢާއިލާ އާއި ދާރާގެ އިތުރުން ބިންޏާވެސް އިނެވެ. ފުރަތަމަ ކަމަކަށްވެސް މުނީބަށް ފާހަގަ ކުރެވުނީ ރޭގައި ހިނގާ ދިޔަ ކަންތަކެވެ. އޭނާ ދާރާއަށް ކަންވީގޮތް ކިޔާ ދިނީ ހިތަށް ފިނިކަން ލިބޭނޭފަދަ ޖަވާބެއް ދާރާގެ ފަރާތުން ލިބޭނޭ ކަމަށެވެ.

“ތީ ވަރަށް އާދަޔާ ހިލާފު ކަމެއް، ޖެހިގެން އެފަރާތަށް އެހެރީ ސަކީނާ މެންގެ، އެގޭ އެންމެ ހަގު ސޮރަށް ބާރަ އަހަރު، ދެން އެގޭ ނަފީސާ ވިހައިގެން ފިރިމީހާގެ ރަށަށް ފުރިތާ މަހެއްހާ ދުވަސް ވެދާނެ، ދެން ނުހުންނާނެ ކުޑަކުއްޖަކު، ކީއްވެބާ އެއަޑު އިވުނީ، ޔަގީންތަ ދަރިފުޅަށް ހީވި ގޮތެއް ނޫންކަން” ދާރާ ވިސްނަން އިރުކޮޅަކު އިނދެފައި ދެފަހަރުމަތިން ޔަގީން ކޮއްލިއެވެ.

“ދަރިފުޅާ” ގޭތެރެއަށް ވަދެގެން އައި އަންބަރު މުނީބަށް ގޮވާލިއެވެ. އޮފީހަށް ވަދެލާފައި ހެނދުނުގެ ސައި ބުއިމަށް އަންބަރު އައިސް ގެއަށް ވަންއިރު ދިހައެއް ޖަހަނީއެވެ. ސިޓިން ރޫމު ސޯފާއިން ތެދުވި ދާރާ، އަވަސް އަވަަހަށް އަންބަރަށް ސައި ހެދުމަށް އަވަސްވެ ގަތެވެ. އޭރު ޓީވީ ކުރިމަތީ ހުރެ ޒީނިޔާ އޭނާގެ ދަރިފުޅަށް ކާންދޭން އެކި އެކި ކުޅިވަރު ދައްކަމުން ދިޔައެވެ.

“މަންމާ، ބަލްމާ އަށާއި ބަތީލަށް ނުގޮވަންތަ، މިހާރު އެއޮތްގެން ދިހެއް ޖެހީ، މިހާރު ތިބޭނީ ވާވަރަށް ނިދިފަ” މުނީބު ގަޑިއަށް ބަލާލާފައި ބުނެލިއެވެ.

“މަންމަ ގޮވިޔަސް އެމީހުން ހޭލާނެތަ” ކާމޭޒުމަތީ ތަށިތައް ބަހައްޓަމުން ދާރާ ބުނެލިއެވެ.

“ކީއްވެ ނުތެދުވާންވީ، މަންމަ ތިކަން ކޮއްލާފަ ދޭބަލަ އެމީހުންނަށް ގޮވާލަން، ބުނޭ އަހަރެން ބުންޏޭ ދެން ތެދުވާށޭ، ތެދުވެގެން ސައިބޯން އަންނާށޭ، މިހާރު މިގޭ އެންމެން ސައިބޮއެ ނިމުނީ” މުނީބު ބުނެލިއެވެ.

ދެކޮޅު ހެދުމެއްނެތި ވަރަށް ފަސޭހައިން ބަލްމާ އާއި ބަތީލު ތެދުވެއްޖެއެވެ. ފަހަރަކު ކުއްޖަކު ފާޚާނާއަށްވަދެ ފެންވަރާލައިގެން ނުކުމެ ރީތިވަމުން ދިޔައެވެ. ދެކުދިންގެ ކަންފަތުގައި ރޭގައި އިވުނު އަޒްކާގެ ރުއިމުގެ އަޑުގެ ވާހަކަ އިވުމުނީ ކާމޭޒުދޮށުގައި ތިއްބައެވެ. ބަތީލުގެ އަތްފައި ފިނިވާން ފެށިއެވެ. އޭނާގެ ހަނދާން އާލާވަމުން ދިޔަ ކަހަލައެވެ. ލިބުނު ނުތަނަވަސްކަމެއްގެ ސަބަބުން ކާން އިން ރޮށިތަށި އެއްކޮށް ހުސްވެސް ނުކުރެވުނެވެ. އެކަމަކު އޭނާ ހުރީ ވަރަށް ބަނޑުހައިވެސް ވެފައެވެ. އާދަޔާއި ޚިލާފަށް މިހާރު އޭނާ ބަނޑުހައިވެސް ވެއެވެ. އެހެންވެ ގިނައިން ކާންވެސް ބޭނުންވެއެވެ. ނަމަވެސް ތަށީގައި ބާކީ ހުރި ބައި އައިސް ޑަސްބިނަށް އަޅާލުމާއިއެކު ސިންކަށް ކޭތަށި ދިއްކޮއްލަމުން ދޮންނަން ފެށިއެވެ.

“އޭ ބައްތު ކަލޭ ޑައެޓްތަ، ދޮންބެ އައީމަ ދޯ” ބަލްމާ ދިމާކޮއްލިއެވެ. އެހެންނަމަވެސް އެއްވެސް އެއްޗެއް ނުބުނެ ބަތީލު މަޑުމަޑުން ހުރެ އޭނާ ކުރަން ހުރި ކަންތައް ކޮއްލައިގެން އެތަނުން ދާން ހިނގައިގަތެވެ.

“ކެޓީތަ، އެހެންވެތަ އެއްޗެއް ނުބުނީ” ބަލްމާ ފާޑަކަށް ބަލަން އިނދެ އަހާލިއެވެ.

“ކަލޭ ކެވޭތޯ ބަލާބަލަ، މަށެއް ނޫޅެން ވާހަކަ ދައްކާކަށް” ކުއްލިއަކަށް ބަތީލުގެ އަޑުގައި ނުރުހުންވެރިކަން އެކުލެވިގެން ދިޔައެވެ. އެއާއިއެކު ބަލްމާ، ބަތީލަށް ތުން އަނބުރާލަމުން ކެއުން ކުރިއަށް ގެންދިޔައެވެ.

“ކޮންތާކަށް، އާދެބަލަ މިތާ އެންމެން ގާތު މަޑުކޮއްލަން، މަންމަ ބުނި ބައްތުމެން މާގިނައިން ބޭރަށް ދަނިއްޔޭ، އެއީ ތެދެއްތަ، ކޮބާ ދެން ކޮންއިރަކުން ވަޒީފާއަކަށް ކުރިމަތިލަނީ، ނޫނީ ރަށު ކެމްޕަސް އިން ހަދާދޭ ކޯސްތަކުން ކޯހަކަށް ކުރިމަތި ލާންވީނު” މުނީބު، ބަތީލަށް އޭނާގެ ގާތަށް އައިސް ސޯފާގައި އިށީނުމަށް އަތުން އިޝާރާތް ކޮއްލިއެވެ.

“މީ ދެން ކިހާ ވަރުގަދަ ވެއްޖެ ކަމެއްތަ، މި މީހުންނާ ހެދި މަށަށް ނޯންނާނެ އެކަނި ވެލެވޭކަށްވެސް” ހިނިތުންވެލި ބަތީލުގެ ހިތުން ބުނެލިއެވެ. އަދި މަޑުމަޑުން އައިސް ސޯފާގައި އިށީނެވެ. އޭނާއަށް މުނީބު ދައްކާ ވާހަކަ އަޑުއިވޭ ވަރަށްވުރެ ސިކުނޑީގެ ހާސްކަމާއި އުފެދިފައިވާ ސުވާލު މާކުތައް މާގިނައެވެ.

“އެއީ ކޮން އަލިގުޅައެއް، ކޮޓަރިއަށް ވަނީ ކިހިނެއް، އަހަންނަށްވެސް ރޭގަ އިވުނު އަޑެއް، އަހަރެން ހީކުރީ ބެލް ކަމަށް ހަޅޭލަވައިގަތީ” ބަތީލުގެ ސިކުނޑިއާއި ހިތުގައި ވިއެވެ. އޭނާއަށްވެސް ރޭގައި ހޭލެވުނީ ބަލްމާ ބިރުވެރި ގޮތަކަށް ހަޅޭލަވައިގަތް އަޑުއިވިގެންނެވެ. ހޭލެވުނު އިރު އޭނާގެ އެނދުގެ ފައިލާ ކޮޅުގައި ފާޚާނާ އާއި ވީފަރާތުގައި އެނދުގެ ދާދި ގާތުގައި އަލިފާންކޮޅެއް ތެޅިލަ ތެޅިލާ ހުރިތަން ފެނުނެވެ. އަދިވެސް ބަތީލަށް އެމަންޒަރު ސިފަވެއެވެ. ހަނދާނުގައި ވަރަށް ރަނގަޅަށް ހަރުލާފައި އެބަހުއްޓެވެ. ނިދުނީ ފަތިސް ނަމާދަށް ގޮވިފަހުންނެވެ. ބިރުވެރި ހުވަފެންތައްވެސް ފެންނަނީއެވެ. ހުވަފެނުގައި ވާގޮތް ހަނދާންހުއްޓަސް ފެންނަ ކަންތައްތަކެއް ދެކޮޅެއް ނުޖެހެއެވެ. ރޭގައި އެ އަލިގަނޑު ދެފަހަރެއްގެ މަތިން އެނދު ވަށައިގެން އެނބުރުނެވެ. ބަތީލު ހައިރާންވީ މުނީބަށް އަޒްކާ ރޮއެގަތް އަޑުއިވުނު އިރު އޭނާއަށް އިވުނީ ބަލްމާގެ އަޑުކަމަށް ވީމައެވެ. އެހެންވީ ކީއްވެކަމެއް ބަތީލުގެ ސިކުނޑިއަށް ނުވިސްނެއެވެ. އެހެންވިޔަސް އޭނާއަށް ފެންނަ ކަންތައްތަކުގެ ވާހަކަ އެކަކަށްވެސް ކިޔާދޭކަށް ބަތީލެއް ބޭނުމެއް ނޫނެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *