﷽
(ފުރަތަމަ ބައި)
ފުރަތަމަ ފަހަރަށް އައިލީންގެ ގައިގާ ޒަހްރާން ޖެހި ދުވަސް، އޭނާގެ ހަނދާނުން ފިލާ ނުދާނެ އެވެ. އެ ދުވަހު ޒަހްރާން ވަރަށް ރުޔެވެ. ޒަހްރާން ދެރަވެގެން އެވަރަށް ރޯތީ އައިލީން ދުށީ އަލަށެވެ. އެ ދުވަހު ހިނގި ހުރިހާ ކަމަކުން އެންމެ ބޮޑަށް އައިލީން ހަނދާން ހުންނަނީ ވެސް އެކަމެވެ. އެ ދުވަހު އޭނާއަށް ވީ ތަދާއި، ކޯތާފަތުން ނެގި ދިލައާއި، އަނގައިގާ ލީ ލޭ ރަހައާއި، މާބަނޑާއެކު ބަދިގޭ ކައުންޓަރުގައި އަޅައިގަނެ އަރިއަޅާލުމުން ހިތާ ނަފްސަށް ވެރިވެގެންދިޔަ ބިރުވެރިކަމެއް ނޫނެވެ. ހަނދާނުގައި ހުރި ބޮޑުމަންޒަރަކީ ހަމައެކަނި ޒަހްރާންގެ އަސަރުން ފުރިފައިވީ ރުއިމެވެ. އައިލީންގެ ކުރިމަތީ ދެ ކަކޫ މައްޗަށް ތިރިވެ އިނދެ ރޮމުންދިޔައިރު ހީވަނީ ވޭން އަޅަނީ ޒަހްރާންގެ ގައިގާ ހެންނެވެ. މީހާ ތުރުތުރު އަޅަމުން ދިޔައިރު ރޫޅިދާނެ ފަދަ އެވެ. އަމިއްލަ މީހާ ހުރި ހާލާމެދު ވިސްނާލުމެއްނެތި އައިލީން އަވަސްވީ ޒަހްރާން ހަމައަކަށް އެޅުވޭތޯ އެވެ. ދެ އަތް ޖޯޑުކޮށް ޒަހްރާނު ރޮއެ ގިސްލަނީ އެވެ. އެ ދުވަހު އޭނާ އެތައް ފަހަރަކު ތަކުރާރުކޮށް އައިލީން ގާތުން މަޢާފަށް އެދުނެވެ. އަނިޔާގެ އަސްލު ގުޅިފައިވީ އޭނާއަށް ލިބިފައިވާ ހާސްކަމާއި، ފިކުރުތަކުން ބަރުވެފައިވާ ސިކުނޑިއާއި، ނަފްސާއި ހަށިގަނޑު ލޮޑުކުރަމުން ދިޔަ ވަރުބަލިކަން ކަމުގައި ޒަހްރާން ބުންޏެވެ. އަދި ވަޢުދުވީ ދެން ދުވަހަކުވެސް އައިލީނަށް އަނިޔާވާނޭ ކަމެއް ނުކުރާށެވެ. ޒަހްރާންގެ އެ ވާހަކަތައް އައިލީން ޤަބޫލުކުރި އެވެ. އެއީ އޭރު ޚުދު އައިލީން ވެސް ބޭނުންވީ ގޮތެވެ.
އޭގެ ދޮޅު އަހަރު ފަހެވެ. ފަނޑުއަލިކަމުގައި ހުސްފަޔާ އިނގިލިތަކުގެ ކޮޅުން ފިޔަވަޅު އަޅަމުން ދިޔަ އައިލީންގެ ކިބައިން ފެންނަނީ ޖެހިލުންވުމެވެ. އައިލީންގެ ހަށިގަނޑުގެ ކުރިމައްޗަށް އަޅުވާލެވިފައިވާ “ބޭބީ ކެރިއޭޖް”ގައި ކުޑަކުޑަ އަމާރާ އޮތީ ނިދާފަ އެވެ. މޭގައި ޖެހިފައި އޮތް ދަރިފުޅުގެ ބޮލުގައި ނިކަން ފަރުވާތެރިކަމާއެކު ވައަތުން ހިފަހައްޓާލައިގެން އައިލީން ހުރިއިރު އޭނާގެ ކަނާތުގައި އޮތީ ތަޅުދަނޑި ފައްޗެވެ. އެއީ ޒަހްރާން ގެންގުޅޭ ގޭގެ ތަޅުދަނޑި ފައްޗެވެ. އެއިން ތަނޅުދަނޑިއެއް ހެލިލާ ފާނެކަމަށް ބާރަށް ހިފަހައްޓާފައިވުމުން އައިލީންގެ އަތްތިލައިގެ ތެރެއަށް ތަޅުދަނޑިތަކުގެ ކެނޑުންތައް ވަންނަމުން ދިޔަ އެވެ.
ގަޑިތަކުން ދަންވަރު 3:08 އެވެ. ތަނަވަސް ފިނި ކޮޓަރީގައި ހުރި “ކިންގް” ސައިޒުގެ އެނދުގައި ޒަހްރާން ނިދާފައި އޮތެވެ. އަވަސް ނަޒަރެއް ފިރިމީހާއަށް ދީފައި އައިލީން ސިއްރުން ކައިރިވެލީ އަލަމާރިއާ އެވެ. ބިރުން ހުރި އައިލީންގެ މޭގައި ހިތް ނެގިނެގިފައި ޖެހެމުން ދިޔަ އެވެ. އޭނާގެ އަވަސްވެފައިވާ ހިތުގެ އަޑަށް ޒަހްރާން ހޭލަފާނޭ އައިލީނަށް ހީވަނީ އެވެ. ނޫނީ މޭގައި ބޮނޑިވެގެން ނިދިފައި އޮތް ތުއްތު ދަރިފުޅަށް ހޭލެވިދާނޭތީ ކަންބޮޑުވެ ބިރުގަންނަނީ އެވެ. އޭރުން ދެން ނަތީޖާ ނުކުންނާނީ ކިހިނެއްކަން އައިލީނަށް އެނގޭތީ އެވެ.
ވައްކަންކުރާން އުޅޭ ވަގެއް ފަދައިން އައިލީން އަލަމާރި ހުޅުވާލި އެވެ. ތަޅުލާފައި ހުންނަ ވަތްގަނޑަށް އައިލީން ތަޅުދަނޑި ހެޔޮވަރުކޮށްލީ އެނދުގައި އޮތް ޒަހްރާނަށް ބަލަން ހުރެ އެވެ. ލަސްލަހުން ތަޅުދަނޑި އަނބުރާލި އެވެ. ނިދިފައި އޮތް ޒަހްރާނާ ނަޒަރު ވަކިކޮށްލުމެއް ނެތި އެވެ. ތަޅު ހުޅުވުނު އަޑު އިވުނި މަޑުންނެވެ. އެހެންނަމަވެސް އެ ކުޑަކުޑަ އަޑަށް ސިއްސައިގެން ދިޔަ އައިލީންގެ ހަރަކާތް ވަގުތުން ހުއްޓުމަކަށް އައެވެ. ހަރަކާތެއްނުކޮށް ޒަހްރާނަށް ބަލަހައްޓައިގެން އިރުކޮޅަކު އޭނާ ހުއްޓެވެ. ދެން އަނެއްކާ ވެސް އަލަމާރީގެ ވަތްގަނޑަށް ސަމާލުކަން ދިނެވެ. އޭނާ އެ ވަތްގަނޑުން ނެގީ ޕާސްޕޯޓެވެ. ދެން ކައިވެނީގެ ސެޓްފިކެޓާއި ދަރިފުޅާ ބެހޭ ލިޔުންތައް ލާފައި އޮތް ފައިލެވެ. އެ ތަކެތި ނެގުމަށްފަހު ވަތްގަނޑު ލައްޕާލީ އެވެ. ތަޅުލާން އުޅެފިނަމަ ޒަހްރާން ހޭލަފާނެތީ އެ ހުރި ގޮތަށް ބަހައްޓާފައި ތަޅުދަނޑި ނަގާ އަލަމާރި ލައްޕާލީ އެވެ. އެނދު އަރިމަތީ ހުރި ތިރި ކަބަޑުގެ މަތީ އިހު އޮތް ދިމާގައި ތަޅުދަނޑިފަތި ބާއްވާފައި ދުރުދުރުގައި ސިއްރު ފިޔަވަޅުތަކެއް އަޅަމުން އައިލީން ކޮޓަރިން ނުކުމެ ދޮރު ލައްޕާލި އެވެ. ކުޑަކުޑަ އަމާރާ އަޑެއް ލައްވާލީ ހަމައެވަގުތެވެ.
“ޕްލީޒް… ޕްލީޒް… ބޭބީ…” ހިތާހިތާ އައިލީނަށް ކިޔާލެވުނެވެ. ދަރިފުޅު ހޭލަފާނޭ ހީވެގެންނެވެ. އަވަސްއަވަހަށް ކޮޓަރިއާ ދުރަށް ފިޔަވަޅު އަޅަމުން، ނާނާ ކިޔާލައި ދެފަރާތަށް ދަރިފުޅު ތަޅުވާލި އެވެ. ނަސީބަކުން އަމާރާ އަދިވެސް އޮތީ ނިދާފަ އެވެ. ހިތާހިތާ ޝުކުރުކުރަމުން އައިލީން އަތްމަތި އަވަސްކޮށްލި އެވެ.
އެޕާޓްމެންޓުން ނުކުތުމުގެ ކުރީން އައިލީން ހުރިހާ ދިމާއަކަށް ފަރުވާތެރި ބެލުމަކުން ބަލާލި އެވެ. އެތަނަށް އެއްވެސް ބަދަލެއް އައިސްފައެއް ނެތެވެ. އެއީ ޒަހްރާނާ ކައިވެނިކޮށްގެން ދެމަފިރިން އެކުގައި ދިރުއުޅުމެއް ބިނާކުރުމަށް ގަސްދުކުރި ތަނެވެ. ނަމަވެސް އެތަނަކީ ހަމައެކަނި އަގުބޮޑު އިމާރާތެކެވެ. އުފާވެރިކަމާއި ހަމަޖެހުމާއި ލޯބީގެ ދަޅަތައް އަވާމެންދުރެއް ފަދައިން ނިމި އުދާސްކަމާއި އަނިޔާގެ ހިޔާވެއްސެކެވެ. ޖަލައްގައި ވެސް އެ ގެއަށްވުރެ މިނިވަންކަން އައިލީނަށް އޮންނާނޭ ޤަބޫލުކުރެ އެވެ. އެހިސާބުން އައިލީން އެންމެ ފުރަތަމަ ވެސް ދަސްކުރީ ކަންކަން ސިއްރުކުރާށެވެ. ޒަހްރާނަކީ ނިކަން ފަސޭހައިން ކަންކަން ދެނެގަންނަ ޒުވާނެކެވެ. ޚާއްޞަކޮށް އައިލީންގެ ފުށުންނެވެ. ތައްޓެއް ބަހައްޓަންޖެހޭ ތަނެއްގައި ނޫން ގޮތަކަށް ބެހެއްޓިފައި ހުއްޓަސް ކަންތައް ގޯސްވީ އެވެ. އާންމުކޮށް ފޯނު ޗާޖުކުރަން ޖަހާ ތަން ނޫން އެހެންތާކަށް ފޯނު ޗާޖުކުރަން ޖަހާފައި އޮއްވާ ފެނުނަސް އެއީ މައްސަލަ އެކެވެ. މޭކަޕް ކުރިޔަސް ނުކުރިޔަސް، ފޯނުކޯލެއް އަޔަސް، މީހަކާ ވާހަކަ ދައްކާލިޔަސް… ޒަހްރާނު ނުރުހުންވެދާނެ އެވެ. އަނެއްކޮޅުން ކަމަކަށްނުވާ ކަހަލަ ކަމެއް ނުހަނު ބޮޑުކޮށްލަފާނެ އެވެ. އައިލީނަށް ދުވަހަކުވެސް ރަނގަޅަށް ކަމެއް ނުކުރެވެއޭ ހީވާވަރުވެ އެވެ. އަނިޔާއިން ސަލާމަތްވުމަށް ޒަހްރާނުގެ މި ސިފަ އައިލީން ދަސްކުރި އެވެ. ސައުވީސް ގަޑިއިރު ސަމާލުކަމަށް އައިސް ހުންނަ މީހަކު ފަދައިންނެވެ. މިރޭ މީ އޭނާ އެފަދައިން އުޅޭނޭ އެންމެ ފަހު ރެ އެވެ. އޭނާ ބޭނުމީ ޒަހްރާންގެ ކިބައިން ސަލާމަތްވާށެވެ. އޭނާއާ ވީހާ ވެސް ދުރަށް ދާށެވެ.
ދަރިފުޅުގެ ނެޕީބޮޑީ ތެރޭގައި ފޮރުވާފައި ހުރި ލާރިތައް ހަމައަށް ހުރިތޯ އައިލީން ޗެކްކޮށްލި އެވެ. އޭގެ ތެރެއަށް ސިންކު ދަށުގައި ހުރި އޯމޯ ފޮށިގަނޑަކުން ނެގި ލާރިކޮޅެއް ވެސް އެއްކޮށްލައިފި އެވެ. އަދި ދަރިފުޅަށް ބޭނުންވާނޭ މުހިންމު ހުރިހާ ސާމާނެއް އަޅާފައިވާ “ބޮޑު ދަބަސް” ކަނާއަތް ފަރާތުން ކޮނޑުގައި އަޅުވާލި އެވެ. ދަބަސް އުފުލާލި ވަގުތު އައިލީންގެ އަތުގެ ކުޑަހުޅަށާއި އަރިކަށްޓަށް ތަދުވެ އަޑެއް ލައްވާލެވެން އުޅުނެވެ. އެއީ ތާޒާކަމާއެކު ހުރި ޒަޚަމްތަކެއްގެ ރިހުމެވެ. ނަމަވެސް ނިކަން އަވަހަށް އައިލީން އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވައިފި އެވެ.
މިރޭގެ ވަގުތެވެ. ޒަޚްރާނު ގެއަށް އައީ އެކެއް ޖެހިފަހުންނެވެ. އޭރު ވެސް އަމާރާ ނުނިދައިގެން އެކުއްޖާ ގޮވައިގެން ނާނާ ކިޔަމުން ދެކޮޅަށް ހިނގާލަހިނގާލައި އައިލީން ހުރީ ކޮޓަރީގަ އެވެ. ނުނިދަން އަމާރާ ބޮޑާ ހާކަނީ އެވެ.
“ކޮންމެ ރެއަކު ކިހާބޮޑުބަލާއަކަށް ވެއްޖެ. ކަލެއަށް ހަމަ އޭނާ ހުއްޓުވާނުލެވެނީތަ؟.” ފެންވަރައިގެން ނުކުމެ އެނދުގައި އޮށޯންނަން އުޅެފައި ޒަހްރާނު ހަޅޭލަވައިގަތީ އަޑުގެ ނެއްތަނަށެވެ.
ޒަހްރާންގެ އެ ބަލާލުން އައިލީނަށް ތަރުޖަމާ ކުރާން އެނގެ އެވެ. އޭނާގެ ނުރައްކާތެރިކަން ހަށިގަނޑުގެ ކޮންމެ ލޯއްޔެއް ކޮޅަށްޖެހި އައިލީނަށް ހަރުކަށިކަމެއް ވެރި ކުރުވި އެވެ. އިންތިހާއަށް ބިރުގަތީ އެވެ. ނަމަވެސް އޭނާގެ ހަޅޭކުގެ ސަބަބުން އަމާރާގެ ރުއިންވީ ގަދަ އެވެ. އެ ތުއްތު ދަރިފުޅު ވެސް ބިރުގަތީކަން އައިލީނަށް އެނގެ އެވެ.
“ކަލޭހާ ބޭކާރު އަމަޔެއް މަށެއް ނުދެކެން.” ޒަހްރާނު ބުނެލި އެވެ. އެ ބަސްތަކާއެކުވެގެން އިނގިރޭސިބަހުން ބުނެލީ ވެސް ހުތުރުވެގެންވާ ލަފުޒެކެވެ. އޭނާގެ ކުރިމަތީ އައިލީންގެ އެއްވެސް އަގެއްނެތް ފަދަ އެވެ. ގަދަރެއް އިޚްތިރާމެއް ނެތެވެ. ދެން އޭނާ ބަލާލީ ކުރިޔަށްވުރެ ވެސް ނުބައިވެގެންވާ ނުރައްކާތެރި ބެލުމަކުންނެވެ. އެ ނަޒަރު އައިލީނަށް ހުއްޓިފައި ދެން ހުއްޓުނީ ދަރިފުޅު އަމާރާ އަށެވެ.
“އަހަރެން އޭނާ ހުއްޓުވަންވީތަ ނޫނީ…” ޒަހްރާނު ބުނީ އެވަރަށެވެ. ހަލުވިފިޔަވަޅުގައި އަމާރާ ގޮވައިގެން އައިލީން އަވަހަށް ކޮޓަރިން ނުކުތީ އެވެ. ނަމަވެސް ސަލާމަތެއްނުވި އެވެ. ދެ އަތާއި މޭގެ ހިމާޔަތުގެތެރޭ ކުޑަކުޑަ ދަރިފުޅު ރޮއެރޮއެ އޮތެވެ. ޒަހްރާނުގެ ކަންފަތަށް އެ ތުއްތު އަޑުގައިވީ އަސަރެއް ނުފޯރި އެވެ.
އައިލީންގެ ހުރިހާ ހިތްވަރެއް ފުނޑުފުނޑުވެއްޖެ އެވެ. ރޮދިފަށެއްހާ ހިމަ އުންމީދު ގުޅިފައިވީ ދަރިފުޅާ އެވެ. ޒަހްރާން އެ ދަރިފުޅުގެ މައްޗަށް ވެސް ރަހުމެއް ނުކުރާނޭކަން އައިލީނަށް ޔަޤީންވީ އެވެ. އޭނާ ޒަހްރާނާ ދުރަށްދާން ވަރަށް ގިނަ ފަހަރު ރޭވި އެވެ. ނަމަވެސް އެންމެ ފަހު ވަގުތު އެ ހިތްވަރު ނުލިބެނީ އެވެ. އެކަނިވެ ބިކަވާނޭތީ އެވެ. ނަމަވެސް މިރޭ އޭނާ ކުރިޔަށް ފިޔަވަޅު އެ އަޅަނީ ދަރިފުޅުގެ މުސްތަޤްބަލަށް ޓަކައެވެ. ޒަހްރާނުގެ އަނިޔާވެރިކަމަށް އައިލީން ކެތްކުރެ އެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް އޭނާ އެ ގޮތުގައި ހުރެ ދާނެ އެވެ. ނަމަވެސް ދަރިފުޅު އަމާރާގެ ގައިގާ ކުޑަ ކޫރުމެއް ވެސް އެޅިލާކަށް އޭނާ ނޭދެ އެވެ. އޭނާއަށް އެކަމަށް ކެތެއް ނުކުރެވޭނެ އެވެ.
ވައަތުން މެދު ސައިޒުގެ ކަޅު “ޑަފެލް ބޭގް” އެއް ހިފައިގެން އައިލީން ކުރިޔަށް ހިނގި އެވެ. އޭނާގެ މޫނުމަތިންނާއި ހިނގުމުން ވޭން ތަޙައްމުލްކުރާކަން ފަރުވާވެ ބެލި މީހަކަށް ފާހަގަވާނެ އެވެ. އެހެންވިޔަސް އޭނާ ނުހުއްޓެ އެވެ. އެޕާޓްމެންޓުގެ ދޮރުލައްޕާލި އެވެ. ފަސް އެނބުރި ބެލުމެއްނެތި އޭނާ އައިސް ލިފްޓަށް އެރިގޮތަށް “ގްރައުންޑް” އަށް ދެވެން ހުރި ފިތައް އޮބާލައިފި އެވެ. އަދި ކަނާއަތުން ކެރިއޭޖުގައިވީ ދަރިފުޅު އިތުރަށް މެޔާ ގާތްކޮށްލައި ހިފަހައްޓާލި އެވެ.
ޒަހްރާނު އަބަދަކު ގޯހެއް ނުނޭ އައިލީންގެ ހިތަށް އެރި އެވެ. އައިލީންގެ ވިސްނުން އޮޅުންބޮޅުންވަނީ އެހެންވެ އެވެ. ބައެއްފަހަރު ނިކަން ލޯބިން އައިލީން ގާތްކޮށް ނިތްކުރީގައި ބޮސްދެނިކޮށް ނިދިން ހޭލެވިފައި އެބަހުއްޓެވެ. އައިލީނަށް އެންމެ މީރު ގޮތަށް ކޮފީ ހަދައިދީފާނެ އެވެ. އަދި ބައެފަހަރު އޭނާ އަމާރާ އުރާލާ އެކުއްޖާއާ ސަމާސާކޮށްލާއިރު، މީ ފެންނަ ހުވަފެނެކޭ ހީވެ ބަލަން ހުރެ ވެއެވެ. އިންތިހާއަށް ލޯބިވާވަރު ޒަހްރާނު ހާމަކުރާއިރު އެކަން ޤަބޫލުކުރަން މަޖުބު/ރުވާފަދަ ޖާދޫއެއް ވެއެވެ. ކޮންމެ ދިރިއުޅުމެއްގައި ވެސް މައްސަލަތައް ހުންނާނޭ ބުނެ އަމިއްލަ ހިތަށް ވިސްނައިދޭން އައިލީން މަސައްކަތްކުރި އެވެ. އެކަމަކު ލޯތްބާއި އަނިޔާވެރި ދިރިއުޅުމަކީ ތަފާތު ދެކަމެއްކަން މިހާރު އައިލީނަށް ދެނެގަނެވިއްޖެ އެވެ. ލޯބި އޮތްނަމަ ބާރަށް ފުންނޭވާއެއްލާން ވެސް އައިލީން ބިރުން އުޅޭކަށް ނުޖެހޭނެ އެވެ.
ކުއްލިއަކަށް ހުއްޓުމަކަށް އައި ލިފްޓާއެކު އައިލީންގެ ޚިޔާލުތައް ހާވިޔާވެގެން ހިނގައްޖެ އެވެ. އޭރު އެ ޚިޔާލުތަކުގެ ސަބަބުން އޭނާ ދެ ލޯ ވަނީ ފެންކަޅިވެފަ އެވެ.
“އައި ކޭން ކްރައި ލޭޓާ. ފަސްޓަ… ލެޓްސް ލީވް ދިސް ޕްލޭސް.” އަމިއްލަ ނަފްސަށް ހިތާހިތުންބުނެ ނިކަން އަވަހަށް ކަރުނަތައް ދިރުވައިލި އެވެ.
ދަންވަރުގެ އެ ވަގުތު މުޅި އިމާރާތައް ވެސް ވެރިވެފައި އޮތީ މަރުފަދަ ހިމޭންކަމެވެ. ހުޅުވުނު ލިފްޓުން ނުކުތުމުގެ ކުރީން އައިލީން މަޑުކޮށްލި އެވެ. ކުޑަކޮށް ބޯ ނެރިލައި ސިއްރުން ބޭރު ބަލާލި އެވެ. އިމާރާތުގެ ސެކިއުރިޓީ ގާޑު އިންނަ ޕޯސްޓަށެވެ. ނަސީބު އައިލީނަށް ފުރުސަތު ދިނެވެ. ގާޑު މީހާ އިނީ ގޮނޑިއަށް ހަށިގަނޑު ދަމާލައިގެން ނިދާފަ އެވެ. ސިއްރުސިއްރުން އިމާރާތުން ނުކުންނަން އައިލީން ހިނގައި ގަތެވެ.
ފަޅުވެފައިވާ މަގަށް ނުކުމެވުނު ހިނދު އައިލީންގެ ގައިގާ ބީހިލީ ފިނިކަން އެކުލެވިފައިވީ ވައިރޯޅި އެކެވެ. ހާސްކަމާއި ބަންދުކަމެއްގެ ތެރެއިން ނޭވާލާނޭ މިނިވަންކަން އައިލީނަށް ލިބުނު ފަދަ އެވެ. ދެ ލޯ މަރާލެވުމާއެކު ހަށިފުރާ ދިގު ނޭވާއެއް އައިލީން ދޫކޮށްލި އެވެ. އޭނާ މަގުގެ ދެކޮޅަށް ބަލާލި އެވެ. ހުޅުމާލޭގެ ފުޅާ އެ މަގުގެ ދުރުދުރަށް ދާންދެން ވެސް އިންސާނެއްގެ ހިލަމެއް ނެތެވެ. ވައަތް ފަރާތައް އެނބުރި އައިލީން ހިނގައިގަތެވެ.
ޓެކްސީއަކަށް އައިލީން އެރީ ލަގްޒަރީ އެޕާޓްމެންޓް ކޮމްލެކްސްއާ ފުދޭ ވަރަކަށް ދުރަށް އާދެވުނު ފަހުންނެވެ. އިމާރާތުގެ ވަށައިގެން ހަރުކޮށްފައި ހުރި ކެމެރާތަކަށް އޭނާ ނުފެންނާނޭ ހިސާބަށް އާދެވުނީމަ އެވެ. ޓެކްސީއަށް އެރުމާއެކު އަމާރާ ކުކުރާލައިފި އެވެ. އެކުއްޖާ ރޯންފެށީ އެވެ. އައިލީންގެ ހާސްކަން އިންތިހާއަށް ދިޔަ އެވެ. ޑްރައިވަރުދެކެ ބިރުގަތެވެ. އައިލީން ޓެކްސީއިން ބާލަފާނޭ ހީވެގެންނެވެ. އަމާރާ ހަމައަކަށް އެޅި އެނބުރި ނިދީގެ ތެރެއަށް އެކުއްޖާ ހިމޭންވީއިރު ވެސް ޑްރައިވަރު އަނގަޔަކުން ނުބުނެ އެވެ. އެހެންނަމަވެސް ފަހަތު ސީޓުގައި އިން އައިލީނަށް ހަމަޖެހިއެއް ނުލެވުނެވެ. ސިއްރުން ބެލެނީ ޑްރައިވަރު އޭނާއަށް ބަލާތޯ އެވެ. އިނީ ނިކަން ސަމާލުވެ އެވެ. ދަންވަރުގެ އެގަޑީގައި އޭނާ އެކަނިމާ އެކަނި ކުޑަކުއްޖަކާއި ދަބަސްތަކެއް ހިފައިގެން ކާރަށް އެރުމުން ޑްރައިވަރު ނަމަވެސް ސުވާލު އުފެދޭނޭ އައިލީންގެ ޟަމީރު ބުނަނީ އެވެ.
ދެބައި އުމުރަށްވުރެ މައްޗަށް ގޮސްފައިވާހެން ޑްރައިވަރުގެ ސިފަ ހެކިދެ އެވެ. ކާރަށް އައިލީން އެރި ވަގުތު އޭނާ ފަރުވާތެރިކަމާއެކު އެ އަންހެންކުއްޖާ ބަލާލި އެވެ. ނަމަވެސް ދާންވީ އެޑްރެސް ބުނިފަހުން ޑްރައިވަރު ބެލީ މަގުމައްޗަށް ސަމާލުކަން ދެވޭތޯ އެވެ. ކޮންމެވެސް ކަހަލަ މަޖުބޫރީ ހާލަތެއްގައި ވާހެން ހީވިޔަސް އައިލީނާ ސުވާލެއް ކުރުމުގެ ހައިސިއްޔަތު ޑްރައިވަރަށް ލިބިގެން ނުވާތީ އެވެ. ހެޔޮ އެދިގެން ވިޔަސް މަދަދެއް ފޯރުކޮށްދެވެން ނެތްތާ އެ އަންހެންކުއްޖާގެ ހާލު ބެލުމަކީ ބޭކާރު ކަމެކޭ އޭނާއަށް ވިސްނުނީ އެވެ. ނުބެހޭ ކަންކަމާ ނުބެހުންކަން ރަނގަޅުވާނީ އޭނާ ނިންމައިގެން އިން ކަހަލަ އެވެ.
ކޫސަނިވާ ފަދަ ކުކުރުމަކާއެކު ތުއްތު އަމާރާ ރޯލި އެވެ. ނޭވާ ހިފަހައްޓާލައިގެން އިން އައިލީންގެ މެޔަށް ބާރުވެލި އެވެ. އަވަސްއަވަހަށް ނާނާ ކިޔަންފެށި އެވެ. އެހެންވިޔަސް ދަރިފުޅު ފުން ނިދީގެ ތެރެއަކަށް ނުދިޔަ އެވެ. ބާރަށް ރޯންފަށާފާނޭތީ އައިލީން އިނީ ހާސްވެ ކަންބޮޑުވެފަ އެވެ. އެހާތަނުން ޑްރައިވަރު ވެސް ހިމޭންވެ ނީންނާނޭ އޭނާގެ ހިތް ބުނާތީ އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ ބިއްދޮށް ފަރާތުން ހިމަ މަގަކަށް ވަން ކާރު “ލޮކޭޝަން”އަށް މަޑުކޮށްލި އެވެ. އޭރު ވެސް ތުއްތު އަމާރާ މަސަލަސް ނުކުރެވިގެން އައިލީން އުޅެ އެވެ. އެހެންވިޔަސް ޑްރައިވަރު ހަމަ އަނގައިން ބަހެއް ވެސް ނުކިޔަ އެވެ. އަވަސްއަވަހަށް ޑްރައިވަރަށް ފައިސާ ދީފައި އައިލީން ބެލީ ހަލުވިކޮށް ކާރުން ފޭބުމަށެވެ.
ޓެކްސީ ނައްޓާލުމާއެކު އެންމެ ފުރަތަމަ ވެސް އައިލީން ބަލާލީ ފޯނެވެ. މަގުގެ އެއްފަރާތުގައި މަޑުކޮށްލައިގެން ހުރެ އަތުގައި އޮތް “ޑަފަލް ބޭގް” ތިރީގައި ބަހައްޓާލި އެވެ. ލައިގެން ހުރި ޖިންސުގެ ޖީބުން ނެގި ކުޑަކުޑަ “އިޖެކްޓަރ ޕިން”ގެ އެހީގައި ފޯނުން ސިމްކާޑު ނެގި އެވެ. އޭނާ އެކަމަށް ކުރީންސުރެ ހުރީ ތައްޔާރުވެގެންނެވެ. ސިމްކާޑު ނަގައި އަނގަޔަށްލާ ދަތްތަކުން އެ ބަނޑިކޮށްލާފައި މަގުމައްޗަށް އެއްލާލީ އެވެ. އަދި ފަހަތު ޖީބަށް ފޯނު ކޮށްޕާލާފައި ޑަފަލް ބޭގް ނަގައިގެން ކުރިމަތިން ކަނާއަތް ފަރާތަށް ވަދެވެން ހުރި ގޯޅިގަނޑާ ދިމާއަށް އައެވެ. އެއީ ހިމަހިމަ ގޯޅި އެކެވެ. ކަންމަތިން މަގުމައްޗަށް ވާގޮތެއް ދޮރުކަނޑާފައި ހުރި އިމާރާތެއް ހުއްޓެވެ. ގޯޅީގެ އެންމެ ބިއްދޮށަށް މޫނު ޖެހޭން ހުރީ އޮރެންޖު ކުލައިގެ ދަވާދު ލާފައި ހުރި ލަކުޑި ދޮރޯއްޓެކެވެ. އެތަނުން ފެންނަނީ ބައުވެފައިވާ އިމާރާތްތަކެވެ. ކަންމައްޗަށް ހުރީ ތިންފަންގިފިލާއަށް ނަގާފައި ހުރި ގެއެކެވެ. އެ ގޭގެ އެސީ “އައުޓްޑޯ ޔުނިޓް” ތަކުން ގޯޅިއަށް ފެން އޮހިއޮހި އޮތެވެ. ކަންމައްޗަށް ވާހެން ހުރި ބޮކި ސުކުންތަކަށް ވެސް ބެލުމެއްނެތި ފިޔަޖަހަނީ އެވެ. ގޯޅި ތެރެއިން އަލިކަމެއް ކިރިޔާ ވެސް ފެންނަނީ އެތެރެއިން ފެންނަން ހުރި އޮރެންޖު ދޮރޯށީގެ މަތިން ހިޔާކޮށްފައިވާ ފުރާޅުކޮޅު ދަށުންނެވެ.
އައުޓްޑޯ ޔުނިޓްތަކުން އޮހެމުންދިޔަ ފެންތިކިތަކުގައި ނުޖެހުމަށް ސަމާލުވެ ހުރެ ގޯޅީގެ އެންމެ އެތެރެއަށް އައިލީން ވަނެވެ. މޫނު ޖެހެން ހުރި އޮރެންޖު ދޮރޯށީގައިވާ ތަޅު ހުޅުވާލުމަށް ދިގު އަތްގަނޑުގައި އައިލީން ހިފާލި އެވެ. އެއާއެކު ދޮރޯށި ހުޅުވިއްޖެ އެވެ.
ޖާގައިގެ ގޮތުން ކުޑަކަން އިޙްސާސް ކުރެވުނީ ދޮރޯށިން އެތެރެއަށް އައިލީން ވަނީމަ އެވެ. ފެންނަ ފެނުމަށް އެއީ މާލެއިން ގެ ބަހައިގެން ލިބިފައި އޮތް ތަންކޮޅެއްހެން އައިލީން ލަފާކުރި އެވެ. އެތަނުގައި ދެ ދޮރު ފެންނަން ހުއްޓެވެ. އައިލީންގެ މަންޒިލަކީ އެތަނުން ދޮރޯށްޓާއި ދުރަށް ދެވަނައަށް ހުރި ދޮރެވެ. އެ ދެ ދޮރުން ވަދެވެން ހުރީ ދެ ކޮޓަރިކަމެއް، ދެ އެޕާޓްމެންޓް ކަމެއް އައިލީނަށް ޔަޤީނެއް ނުވެ އެވެ. އެތަން ހުރި ގޮތެއް އެއްގޮތަކަށް ވެސް އައިލީނަށް ނޭނގޭތީ އެވެ.
“ގަސްމުށި…އާން… ރުއާ ބުނި ގަސްމުށި ދަށަށް ލާނަމޭ.” ހަނދާންކުރާ ފަދައަކުން ހިތާހިތާ އައިލީން ވާހަކަދެއްކި އެވެ.
ކޫސަނިކަން ދައްކަމުންދިޔަ ކުޑަކުޑަ އަމާރާ ރޯންފެށި އެވެ. އައިލީންގެ ހަރަކާތް އިތުރަށް އަވަސްވީ އެހެންވެ އެވެ. ދަރިފުޅު ގޮވައިގެން އަވަހަށް އެތެރެއަށް ވަންނަން އޭނާ ވެސް ބޭނުންވީ އެވެ.
ކުއްލިއަކަށް އައިލީން ސިއްސައިގެން ދިޔަ އެވެ. އެފަދަ ކަމަކަށް ނުވިސްނާ ހުރެވުނީތީ އެވެ. ފުރަތަމަ ބައިގެ ދޮރާ ޖެހިގެން ކުޑަދޮރެއް ހުއްޓެވެ. އޭނާ ގޭތެރެއަށް ވަންއިރު އެތަނުން އަލިކަމެއް ފާޅެއްނުވެ އެވެ. ކުއްލިއަކަށް އެ ދިއްލައިލި ބޮކީގެ އަލިން ފަރުދާ ދަމާފައި ހުއްޓަސް ކުޑަދޮރުގެ ބިއްލޫރިގަނޑުން ބޭރަށް އަލި އެޅިގެން ހިނގައްޖެ އެވެ. ސިހުނުވަރުން އައިލީންގެ މޭގައި ހިތް ތެޅިފޮޅިގަތެވެ. ނޭވާ އަވަސްވެ ކުރުވެގެން އައެވެ. އޭނާއަށް ދެ ލޯ ބޮޑުކޮށްލެވުނީ މީހެއްގެ ހިޔަންޏެއް ކުޑަދޮރާ ކައިރިއަށް އަންނަކަން ފާހަގަވެގެންނެވެ. ކައިރިވާވަރަކަށް އެ ހިޔަނީގެ ބޮޑުކަން ފާޅުވަމުން ދިޔަ އެވެ. އޭނާ ހާސްވުމުން އަމާރާގެ ރުއިން ވެސް ގަދަވި އެވެ.
ނިކަން ހަލުވި ފިޔަވަޅުތަކެއްގައި އައިލީން އަވަސްވެލީ ދޮރު ހުޅުވާށެވެ. ވައަތުގައި އޮތް “ޑަފަލް ބޭގް” އެޕާޓްމެންޓުގެ ދޮރުމަތިން އޭނާ ހުރި ދިމާ ތިރީގައި ބަހައްޓާލި އެވެ. ދޮރޯށްޓާއި އެޕާޓްމެންޓާ ދެމެދު ހިނގަން އޮތް މަގުގައި ހުރި ގަސްމުށްޓަށް ބަލާލި އެވެ. އޭތި ހިއްލާލާފައި ތަޅުދަނޑި ނެގިއިރު އައިލީންގެ އަތް ތުރުތުރު އަޅަ އެވެ. އެއް އަތުން ދަރިފުޅުގެ ގައިގާ ހިފަހައްޓައިގެން އަނެއް އަތުން ތަޅުވަޅަށް ވައްދަން އުޅެނިކޮށް ދެފަހަރަށް ތަޅުދަނޑި ވެއްޓެން ވެސް ވެއްޓުނެވެ. އޭނާގެ ނަޒަރު ކުޑަދޮރަށް އޭރު ވެސް ހުއްޓެމުން ދިޔަ އެވެ. އެ މީހަކު ކުޑަދޮރުގެ ކައިރީ ހުއްޓި އެބަހުރިކަން އައިލީނަށް ފެނެ އެވެ. ހިޔަނީގެ ދިގުކަމުން ކުޑަދޮރުގެ މަތީ ދާރައާ ހަމައިން އެ ހިޔަނީގެ ބޮލުގެ އެއްބައި ހުރީ ފޮރުވިފަ އެވެ. އޭނާގެ އަތުގައި ކޮންމެވެސް އެއްޗެއް އޮތްތަން ފެނެ އެވެ. ހާސްވެފައި ހުރިވަރުން އައިލީންގެ ސިކުނޑި މަސައްކަތެއް ނުކުރެ އެވެ.
ހުޅުވުނު ދޮރުން އެތެރެއަށް ދެމިގަތް ގޮތަށް އައިލީން ވަގުތުން ދޮރުލައްޕާ ތަޅުލި އެވެ. އަނދިރިކަން ވެރިވެފައި އޮތް ކޮޓަރީގެ ބޮކި ޖައްސާލަން ހިތައް އެރީ ވެސް ދެނެވެ. ސުވިޗުތައް ހުރި ދިމާއެއް ނޭނގި އަވަހަށް ފޯނުން އަލިކުރަން ފެށި އެވެ. ދޮރާ ކައިރީގައި ހުރި ފާރުގައި ސުވިޗުތައް ހުރީތީ ފެނުމުން އަވަހަށް ބޮކިތައް ދިއްލާލި އެވެ. ހުދު އަލި މުޅިތަނަށް ފެތުރިގެން ދިޔަ އެވެ. ދުރަށް ފިޔަވަޅު އަޅާލުމާއެކު އައިލީން ހުއްޓުނެވެ. އެތެރެއަށް ދެމިގަތުމާއެކު ދޮރުކައިރިއަށް ދޫކޮށްލި ދަރިފުޅުގެ އެއްޗެހި އެޅި ދަބަހާއި އޭނާ ގެނައި “ޑަފަލް ބޭގް” އޭރު ވައްޓާލި ގޮތަށް އެ ދިމާގައި އޮތެވެ. ދަބަސްތައް ކައިރިއަށް ދިއުމުގެ ބަދަލުގައި، ދެ އަތުން ކެރިއޭޖުގައި އޮތް ދަރިފުޅުގެ ގައިގާ ހިފަހައްޓާލައިގެން އައިލީން ހުރީ ދޮރާ ދިމާއަށް ބަލާށެވެ. ހުއްޓުމެއްނެތި އަމާރާ ރޮނީ އެވެ. އެ ގޭގެ ދެންހުރި ބައިގައި މީހަކު އުޅޭނެކަމެއް އޭނާއަށް ކުރީން އެނގިފައެއް ނެތެވެ. ޖެހިލުންވުމެއްގައި ބަނދެވި ދޮރާ ދިމާއަށް ގެއްލިފައި އައިލީނަށް ހުރެވުނީ އެވެ.
( ނުނިމޭ )
![DHEBEENUN [EP-20]](https://laragevaahaka.com/wp-content/uploads/2020/06/Dhebeenun-1024x650.jpg)