ހައިރާންވެފައި ހުރެ ޖިޔާ ސިޓިން ރޫމަށް ނުކުތެވެ. އޭނާއަށް ސިޓިން ރޫމުގައި އިން ރިހާމު ފެނުމާއިއެކު ހީވީ ބިރުވެރި އެއްޗެއް ފެނުނުހެންނެވެ. އަވަސް އަވަހަށް އައިކޮޅަށް އެނބުރި ހިނގަންނަން އުޅުމުން އެކަމަށް ހުރަސް އެޅީ ޝާކިރާއެވެ. ޖިޔާ ޝާކިރާގެ މޫނަށް ބަލާލަމުން ދެފަރާތަށް މަޑުމަޑުން ބޯހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.
“ދަރިފުޅާ، މަންމަ ރިހާމަށް ގުޅައިގެންނެއް ނޫން އޭނާ އައިސް އެހުރީ، ނިކަން އޭނާ ދައްކަން އައި ވާހަކައެއް އަޑުއަހާލާފައި ދާން މަޑުކޮށްލަބަލަ، މަންމަ ދަރިފުޅަށް އިތުރަށް އެއްވެސްކަމަކަށް މަޖުބޫރެއް ނުކުރާނަމޭ ބުނީމެންނު، އެބަހަށް އިތުބާރުކުރޭ، ދަރިފުޅު ނުރުހޭ ކަމެއް މަންމަ ދަރިފުޅުލައްވާ ނުކުރުވާނަން، އެކަމަކު މަންމައަށްޓަކައިވިޔަސް، އަދި އިޝްވާގެ ބައްޕައަށް ރިހާމުވީކަމަށްޓަކައި ވެސް އޭނާ މިއަދު ބުނަން އެއައި ވާހަކައެއް އަޑުއަހާލަބަލަ” ޝާކިރާ އާދޭސްކުރާ ފަދަ ގޮތަކަށް ބުނެލިއެވެ.
“އައްޗީޑި، ކަލޭވަރުގެ ގޮތްކުޑަ ފިރިހެނަކު މަށެއް މިއޮށްބޮޑު ދުނިޔޭންވެސް ނުދެކެން، ކަލެއަށް މިގެއަށް އަންނަން ކެރުނުކަން، ކީއްކުރަން މިގެއަށް މީނާ ވެއްދީ” ޒީޝާއަށް ރިހާމު ފެނުމާއިއެކު ރުޅިގަދަވިއެވެ.
“ތެދެއް މަންމާ، ކީއްކުރަން މި މީހާ މިގެއަށްވެއްދީ، އޭނާ ޖީއަށް ކުރިވަރު ކުޑައީތަ، މަންމަ ޖީ ދެކެ ހަމަ ލޯބިނުވަނީ، އެހެންނޫންނަމަ މި މީހާ މިގެއަކަށް ނުވެއްދީސް” ޒުހާގެ އަޑު އެންމެނަށްވުރެ ގަދަވެގެން ދިޔައެވެ.
“ކަލޭމެން މައިތިރިވެދާނަންތަ، ޒީޝާ، ޒުހާ ގޮވައިގެން ދޭ އެތެރެއަށް، މީ ރިހާމާއި ޖިޔާގެ ކަމެއް، އަހަރެން ކޮންމެހެން ނޫޅެން ޖިޔާ ނުރުހޭ ކަމެއް ކުރުވާކަށް، މީހުންނާ އިނީ ކަލޭމެންނަށްވެސް ވިސްނޭނެ، ވަރިވެގެން އަޔަސް ދަރިއަކު އޮތުމުން އެގުޅުން ކަނޑާލަން އުނދަގޫވާނެކަން، ދޭ ދޭ، ހަމަމިހާރު މިތަނުން ދޭ” ޝާކިރާ ރުޅިއައިސްފައި މިހެން ބުނުމުން ޒީޝާ އާއި ޒުހާ ބަދަލުގައި އެއްޗެއް ނުބުންޏެއްކަމަކު އެތަނުން ދާކަހަލަ ޚިޔާލެއް ނުކުރިއެވެ. އެ ދެބެން ބަލާލީ ޖިޔާއަށެވެ.
“ޒީއްތާ، ރިހާމު އައީ މަންމަ ގުޅައިގެނެއް ނޫން، އަހަރުމެން ދެމީހުން އެކަނި ވާހަކަދައްކާލަން ބޭނުން، ރިހާމު، އާދޭ އެތެރެއަށް” ޖިޔާ މިހެން ބުނުމުން ރިހާމު ހިނގައިގަތީ ޖިޔާގެ ފަހަތުން އައުމަށެވެ. އެ ދެމީހުން އައިސްވަނީ ޖިޔާގެ ކޮޓަރިއަށެވެ. ޝާކިރާވެސް ކޮންމެވެސް ވަރަކަށް ކަންބޮޑުވެ ހާސްވާގޮތްވިއެވެ. ޒީޝާ އާއި ޒުހާ ދުވެފައި އައިސް ޖިޔާގެ ކޮޓަރި ބުޑުގައި މަޑުކޮށްލައިގެން ތިއްބެވެ.
“އަހަރެން ފެނުނީމަ އުފަލެއްނުވޭތަ” ރިހާމު ޖިޔާގެ ގާތަށް އައިސް ހުއްޓިލަމުން ބުނެލިއެވެ. އެހިނދު ޖިޔާ ފޫހިކަމާއިއެކު ދުރަށް ޖެހިލިއެވެ.
“ކީއްކުރަން، ކޮންބޭނުމަކު ރިހާމު ތިއައީ، އިތުރަށް ރިހާމު އަހަރެންގެ ފަރާތުން ބޭނުންވާނެ ކަމެއް ނޯންނާނެ” ޖިޔާ ރުންކުރުކޮށް ބުނެލިއެވެ. ރިހާމު ފެނުނީއްސުރެން އޭނާގެ ދެބުމަ ހުރީ ގޮށްޖަހާލެވިފައެވެ. އަދި ދެލޯއަޅާލައިގެން ހުރެ ބަލަމުން ދިޔައެވެ.
“ހާދަ ލޯތްބޭ ޖިޔަ، އަދިވެސް ބޮޑެއް ނުވޭދޯ، ތިހުންނަނީ ކުޑަކުދިންގެ ހުންނަ ކަހަލަ ގޮތެއް” ރިހާމު ޖިޔާއަށް ބަލާލީ ތަފާތު ނަޒަރަކުންނެވެ. ހިތުގައި ޖިޔާއަށްޓަކައި ޖަޒުބާތުތަކެއް ހޭލައިގަތްކަހަލައެވެ.
“މީތަ އަހަރެންގެ ދަރިފުޅު” ޖިޔާ އަނގައިން ނުބުނެ ހުންނަން ފެށުމުން ރިހާމު މަޑުމަޑުން އައިސް ކުޑައެނދު ކައިރީ މަޑުކޮށްލަމުން ނިދިފައި އޮތް ތުއްތުކުއްޖާއަށް ބަލާލިއެވެ.
“ޖިޔާގެ ދޮންކަން، ހަމަ ތި ދެލޯ، އެކަމަކު…. ޖިޔާ، އަހަންނާ، އަހަންނާ އިންނަންވީނު” ރިހާމު އެންމެފަހުން ބުނެލި އެއްޗަކުން ޖިޔާ ދަތްކުޑިވިކާލިތަން ރިހާމަށްވެސް ފެނުނެވެ.
“ހަމައެހާ އަހަރެންދެކެ ފޫހިވޭތަ، ކުޑަކޮށްވެސް އަހަރެންދެކެ ލޯތްބެއްނުވޭތަ” ރިހާމު ދެންވެސް ވާހަކަދެއްކީ މަޑުމައިތިރިކަމާއިއެކުއެވެ.
“އާން ނުވޭ، ކުޑަކޮށްވެސް ނުވޭ، އަހާބަލަ ކަލޭދެކެ އަހަރެން ފޫހިވަނީ ކިހާވަރަކަށްތޯ، ރުޅިއަންނަނީ ކިހާވަރަކަށްތޯ، އަހަރެންއަތުގައި އެސުވާލުތަކަށް ދޭނެ ޖަވާބު ބައިވަރު، އަހަރެން ކަލޭގެ ތިމުޑުދާރު ސޫރަވެސް އެންމެކުޑަމިނުން ދެކޭކަށް ބޭނުމެއްނޫން، މީ އަހަރެންގެ ދަރިއެއް، ކަލެއާއި މި ކުއްޖާ އާއި އެއްވެސް ގުޅުމެއް ނޯންނާނެ” ޖިޔާ ރުޅިއައިސްފައި ހުރެ ބުނެލިއެވެ.
“އާން! އެހެން ހީވެގެންނޭ މިއައީވެސް، އަހަރެން ޖިޔާ ބަނޑުބޮޑުވެދާނެތީ އެހާ ބަލައިގެން އުޅުނީ، އެކަމަކު ފަހުން ބޭސްކާޑުތަކަށް ވީގޮތެއް އަހަންނަކަށް ނޭނގުނު، ލަޔާ އެއްވެސް އެއްޗެއް އެއްލައެއް ނުލާނެ، އެހެންވީމަ އެއަށް ހެދިގޮތެއް ހެދީ ޖިޔާ، ބުނެބަލަ، މިކުއްޖާގެ ބައްޕައަކީ އަހަރެންތަ؟ ނޫނީ ފޫހިވާތީތަ ތިބުނަނީ މަގޭ ދަރިއެއްނޫނޭ” ރިހާމު ހުރީ އޮޅުންފިލުވަން ބޭނުންވެފައެވެ.
“އާން! އެބޭސްތައް އުކާލީ އަހަރެން، އެވެސް ކަލޭދެކެ ވާފޫއްސެއްގެ ބޮޑުކަމުން” މެޔާއި ދިމާލުން ދެއަތް ހުރަސްކޮށްލުމާއިއެކު ޖިޔާ ލޯއަޅައިގެން ހުރެ ބުންޏެވެ.
“ތީ އަހަރެންކުރި ސުވާލުގެ އެއްބައި، އަހަރެން ބޭނުންވަނީ ފުރިހަމަ ޖަވާބު” ރިހާމު، ޖިޔާ އާއި ގާތްވެލުމުގެ ގޮތުން ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. ހުޝިޔާރުވެ ހުރި ޖިޔާ ވަގުތުން ފަހަތަށް ދެފިޔަވަޅު ޖެހިލިއެވެ.
“އަހަރެން އެއްފަހަރު ބުނެފީމެންނު، ދެން ކަލޭގެ އަމިއްލަ ދެލޮލުން ބަލާބަލަ، އެއީ ކަލޭގެ ދަރިއެއްތަ” ޖިޔާގެ ހިތަށް އުނދަގޫތަކެއްވީނަމަވެސް އިޝްވާއަކީ ރިހާމުގެ ދަރިއެކޭ ބުނާކަށް އޭނާގެ ހިތެއް ދުވަހަކުވެސް އެއްބަހެއް ނުވާނެއެވެ. އެހެންނަމަވެސް އޭނާއަށް ކޮށްގެން ނުވާނޭ ކަމެއް އެވަނީ ކުރެވިފައެވެ. ދަރިފުޅުދެކެ ވާލޯތްބާއި އެތުއްތު ކުއްޖާގެ މުޅި ދިރިއުޅުން އެނާއަށް ކުރެވުނު އެންމެ ކުށެއްގެ ސަބަބުން ހަލާކުވެ ހިނގައިދާނޭ ކަމުގެ ބިރުވެރިކަން ޖިޔާގެ ހިތަށްވެރިވެގެންދިޔުމުން އެންމެ މުހިންމު ވަގުތު އޭނާގެ ދޫ ހިމޭންކަން ޚިޔާރުކުރީއެވެ. އެވަގުތު ޖިޔާގެ ދޫ ހަރަކާތްކުރިނަމަ މިއަދު ރިހާމު އޭނާގެ ކުރިމައްޗަށް އަންނާކަށް ނުޖެހުނީހެވެ. އޭނާ އާއި ރިހާމު އެކުރާ ސުވާލަށް ޖަވާބުވެސް ދޭކަށް ނުޖެހުނީހެވެ.
“ތަފާތު ކިތަންމެހާވެސް ބޮޑު، އެކަމަކު މުޅި ދުނިޔެއަށް މީ އަހަރެންގެ ދަރިއެއްކަމަށް ޢިއުލާންކުރި މީހަކީ ތީ، އަހަންނަށް ޖިޔާ ދަރިއަކު ދިނީތީ، އަހަރެންވެސް ބޭނުން ދަރިފުޅުގެ މަންމަ އާއި އަލުން ކައިވެނިކުރަން، އައި ތިންކް އިޓްސް އަ ފެއަރ ޑީލް، ނޫންތަ” ރިހާމު ދެއަތް ދެއަތާ ހާކާލުމާއިއެކު ލޯހިމަކޮށްލާފައި ޖިޔާއަށް ބަލާލަމުން އެއްއަތް ދިއްކޮށްލީ ސަލާމްކޮށްލުމަށް އަތްދިއްކޮށްލާ އުސޫލުންނެވެ.
“ތިފަދަ ގޮތްކުޑަ ވިސްނުމެއް ރިހާމު ނޫން ފިރިހެނަކަށް ވިސްނައިގަންނާކަށްވެސް ނޭނގޭނެ، ތިއައީ އަނެއްކާވެސް އަހަރެން ގަނެލަންތަ” ޖިޔާ ރުޅިގަދަވަމުން ދިޔަވަރަކަށް ދަތްކުނޑިވިކާލެވުމާއިއެކު މެޔާއި ދިމާލުން ހުރަސްކޮށްލާފައި އޮތް ދެއަތުން މުލަށްދަނޑިއަށް ބާރުކޮށްލެވެއެވެ.
“އަހަންނަށް މަޖުބޫރުތިކުރުވަނީ ޖިޔާއެއްނޫންތަ، އަހަރެން ޖިޔާ ބޭނުންވިގޮތަށް ދުރުގައި ހުރެފިން އޭގެ ބަދަލުގައި ޖިޔާ ތިއުޅެނީ އަހަރެންގެ ދަރިއަކު ހުރިކަމަށް ހަދާފަ އަހަރެންގެ މުދާގަނޑުން ބަޔަކަށް ވެރިވެގަންނާކަންނު، އެހެންވެ އެކަމަށް ހައްލެއް ގެނަން އަހަރެން މިއައީ” ރިހާމު އެއްފައި މައްޗަށް ބުރަވެލަމުން ދެޖީބަށް އަތްޖަހާލާފައި އެއްބުމަ ހިއްލާލަމުން އޭނާ ޖިޔާއަށް ބަލާލިއެވެ. އެތޫނުފިލި ދެލޮލަށް މަޑުރަތްކުލައެއް ވެރިވެފައި ވާއިރު ހީވަނީ އަލިފާންކަނި ދެންމެ ދެންމެ ބުރައިގެން ގޮސްދާނެހެންނެވެ. އެއްޗެއް ނުބުނެ ހުރި ޖިޔާ އިސްޖަހާލިތަން ފެނުމުން މަކަރުވެރިގޮތަކަށް ރިހާމު ހިނިތުންވެލިއެވެ. ނުވިސްނާ ހުރި ޖިޔާ ސިހިގެން ދިޔައީ ރިހާމުގެ އަތްތިލަ އޭނާގެ ކޮނޑުގައި ޖެހުމުންނެވެ.
“ކިހާ ދެރަކަމެއް ރިހާމު” ސިހިފައި ފަހަތަށް ޖެހިލެވުނު ޖިޔާ ހަޅޭލަވައިގަތެވެ.
“ޝްޝްޝް…. ހަޤީޤަތް މީހުންނަށް އެނގުނީމަ މާރަނގަޅެއްނުވާނެ” ރިހާމު ތުންފަތުގައި އިނގިލި ޖައްސާލާފައި ބުނެލިއެވެ.
“އެނގުނިއްޔާ ވާނީ ކީއް، ހަމަޔަގީނުންވެސް ކަލޭގެ ކިބައިން ސަލާމަތްވާނެތާ، މިހާރު އަހަންނަށް ރަނގަޅީވެސް އެނގުނިއްޔާ، ބުނަންވީނު، ކީއްވެފަތަ ތިހުންނަނީ، ދޭބަލަ ބުނަން” ޖިޔާގެ އަޑުގަދައެވެ. ޖިޔާގެ ރުޅިގަދަވި ވަރަކަށް ރިހާމަށް އެމަންޒަރުވީ ގަޔާވާ ކަހަލަ މަންޒަރަކަށެވެ. މަޑުމަޑުން ހީނލަ ހީނލާ ރިހާމު ހުރި ރިހާމަށް ޖިޔާ ބަލާލުމުން އޭނާ ހަމައިންނައްޓާވަރުވިއެވެ. ރުޅިގަދަވެގެން ގޮސް ރިހާމުގެ މޫނުމަތިން ހަންދަމާލަން ހިތަށްއެރިއެވެ. އެހެންނަމަވެސް ދައިގަނެވުނީ އަމިއްލަ ތުންފަތުގައެވެ. ދަތްތައް ވަދެގެން ދިޔައީ އަމިއްލަ ތިރީ ތުންފަތަށެވެ.
“ކުރިން ދުވަހު މަގުމަތިން އެފެނުނީ، އެއީތަ ދަރިފުޅުގެ ބައްޕައަކީ” ރިހާމުގެ ހަނދާނަށް ކަމެއް އައުމުން އަހާލިއެވެ.
“އެއީ ކޮންމެ މީހަކަށްވިޔަސް ރިހާމާއި ކޮން ބެހޭ ކަމެއް، އަހަރެން މިބުނަނީ، އެންމެ ފަހު ފަހަރަށް، އަހަރެންގެ ވައިނޮޅީގައި ނޭވާ ހިނގާހާ ހިނދަކު ހޭހުރެ ކަލެއަކާ ނީންނާނަން، ކަލޭ ބޭނުންކަމެއް ކުރަންވީ، ކަލޭ ބޭނުންވަނީ އަހަރެން ބޭޒާރުކުރަން ކަމަށްވަންޏާ އެކަންވެސް ކުރޭ، އަހަންނަށް ވަރިހަމަ، މިބުނީނު އަހަންނަށް ވަރިހަމަޔޭ، ދާން އުޅޭ މިތަނުން، މިގޭންވެސް ނުކުމޭ، ދުވަހަކުވެސް ތިމުޑުދާރު މޫނު ދެކޭކަށް އަހަރެން ބޭނުމެއްނޫން، ނުކުމެގެން ދޭ، ހަމަމިހާރު ނުކުމޭ” ޖިޔާއަށް ހަޅޭލެވެނީ ކަމެއްވެސް ޚުދު އޭނައަކަށް ނޭނގެއެވެ.
“އަހަރެން ކަން ކުރަންވީމާ އެނގޭނީ އަހަންނަށް، ޖިޔާއަކަށް ނޫން، ހާދަހާ ވަރެކޭ ދޯ ތިވީ، އެހެންވީމަ އޭގެ މާނައަކީ އެއީ މިހާރުގެ ލޯބިވެރިޔާއޭ ދޯ، އެހެންނޫންނަމަ އަހަރެންގެ ނަން ސެޓްފިކެޓްގަ ޖަހާކަށް ނުޖެހުނީހެންނު، އަހަރެން ހިޔެއްނުކުރަން ޖިޔާ ތިހާ ޑެސްޕަރޭޓްވާނެއެކޭ، މަންޑިދަނޑިގަނޑެއްކަހަލަ މީހަކުތަ ލިބުނީ، އަހަރެން ކަހަލަ ރީތި މީހަކު ނުވީ ދޯ، ކީއްކުރާނީ ރީތި ސިފައެއް ލިބުނަސް، ސަޅި ބިޓެއްވެސް ނުލިބުނު، އެހެންވެޔޭ މިބުނަނީ އަހަންނާ އަލުން އިންނަންވީނޫންހޭ” ރިހާމު ވާހަކަދައްކާ ގޮތުން ހީވަނީ އޭނާވެސް ބޭނުންވަނީ ޖިޔާ ރުޅިއައިސްގެން އައިސް އޭނާގެ ގަޔަށް އަރައިގަންނަން ހެންނެވެ. ޖިޔާ އެވަރަށް ބުނީމާވެސް ނުކުމެގެން ދާކަށް ރިހާމު ގަސްދެއްނުކުރިއެވެ.
“އޭނާ ކޮންމެގޮތަކަށް ހުއްޓަސް މި ޖިޔާ މިއުޅެނީ އޭނާ އާއި އިންނަންވެގެން، ތިއޮށް ރީތި ރިހާމު ހުއްޓަ އެމަންޑިދަނޑިގަނޑާ އަހަރެން ގުޅެން މިއުޅެނީ، ދެން ކަލޭ ކީއްކުރާނީ، ކޮންމެކަމެއްކުރިޔަސް ދެނެއް މިޖިޔާއެއް ތި ރިހާމަކަށް ނުލިބޭނެ، އަދި ނުވެސް ގަނެވޭނެ، މިހިރީ ވަންދޮރު، ނުކުމެގެންދޭ” ޖިޔާ އައިސް ކޮޓަރީގެ ދޮރުހުޅުވާލިއިރު ދޮރުމަތީ ޒީޝާ އާއި ޒުހާގެ އިތުރުން ކަންބޮޑުވެފައި ޝާކިރާވެސް ހުއްޓެވެ. އެމީހުންނަށްވެސް ޖިޔާ، ރިހާމާއި ދިމާލަށް ނުކުމެގެންދާށޭ ބުނި އަޑުއިވުނެވެ. އޭގެއިތުރުން ރިހާމާއި ޖިޔާ ދެއްކި ހުރިހާ ވާހަކައެއްހެން އެކޮޓަރި ދޮރުފަތުގައި ކަންފަތްޖަހައިގެން ތިބި ޒީޝާ އާއި ޒުހާއަށް އަޑުއިވުނެވެ. ރިހާމު ފާޑަކަށް އެންމެންގެ މޫނަށް ބަލާލާފައި އޭނާގެ ބޮޑާކަންމަތީ ނުކުމެގެން ހިނގައްޖެއެވެ.
“ޖިޔާ…” ޝާކިރާ އެއްޗެއް ބުނަން އުޅުނެވެ.
“އަހަރެން މިއުޅެނީ މީހަކާ އިންނަންވެގެން، މިހެންބުނީމަ މަންމަ ހީނުކުރާތި އަހަރެން އިންނަން އުޅޭމީހާ މިގެއަށް ވެރިވެގަންނާށޭ އުޅެނީކީ، އޭނާ އުޅޭނެތަން އެބަހުރި، އަދި އަހަންނާ އިޝްވާ ބެލޭވަރުގެ މީހެއް އެއީ، ވީއެންމެ އަވަހަކަށް އިންނަންއުޅޭތީ މަންމަ ގާތުވެސް ބުނެލީ” ޖިޔާ އަދިވެސް ހުރީ ރިހާމުދެކެ އައި ރުޅީގެތެރޭގައެވެ. އެހެންވެ ޝާކިރާ އާއިވެސް ވާހަކަދެއްކުނީ ވަރަށް ހަރުކަށި ރާގެއްގައެވެ. ޝާކިރާގެ މޫނުމަތިން ހައިރާންކަން ވެރިވެގެން ދިޔަނަމަވެސް އޭނާ މިވަގުތު ޖިޔާ އާއި އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއްނުވިއެވެ. އޭނާއަށް ގާތުގައިތިބި ޒީޝާ އާއި ޒުހާއަށް ބަލާލިއެވެ.
“ކަލޭމެން ދެމީހުން އާދެބަލަ މަށާއިއެކު” ޝާކިރާ، ޒީޝާ އާއި ޒުހާގެ ކޮނޑުގައި އަތްޖައްސާލަމުން މިހެންބުނެ ހިނގައިގަތީ އޭނާގެ ކޮޓަރި އާއި ދިމާލަށެވެ.
ޖިޔާ ވަގުތުން ކޮޓަރިއަށްވަދެ ދޮރުލެއްޕިއެވެ. އަދި އަވަހަށް އައިސް ކުޑައެނދުގައި އޮތް ދަރިފުޅަށް ބަލާލިއެވެ. ފުންނޭވާއެއް ބޭރުކޮށްލުމާއިއެކު މީހާ ހަމަޖެހެން މަސައްކަތްކުރިއެވެ. ނިދިފައި އޮތް އިޝްވާގެ ކުޑަކުޑަ އަތުގައި ޖިޔާ ހިފާލީ ކަންބޮޑުވެފައި ހުރެއެވެ. ރިހާމުދެކެ އައި ރުޅި މަޑުވިއިރު ޖިޔާގެ އެސްފިޔަތަށް ތެމިއްޖެއެވެ. ސިކުނޑިއަށް އެތަކެއް ޚިޔާލުތަކެއް ޖަމާވެއްޖެއެވެ. މަޑުމަޑުން ކުޑައެނދުގެ ކައިރިއަށް ތިރިވި ޖިޔާގެ މޫނު ދެއަތްތިލައިގެ ތެރޭގައި ފޮރުވާލައިފިއެވެ. އޭނާއަށް ކުރެވުނީ ކުށެއްކަން ޤަބޫލުނުކުރެވެނީއެއްނޫނެވެ. އެކަމަކު ދުނިޔޭގެ ލަދަށް ބިރުގަންނަނީއެވެ. އުމުރުގެ ޅަކަމާއިއެކު ދެންވާނެގޮތެއް ހިތަށްއަރާފައި ނޭނގޭބިރަކުން އޭނާ ބަލިކަށިކުރަމުންދަނީއެވެ. އިޝްވާގެ ހުރިހާ ފޯމުތަކެއްގައި ރިހާމުގެ ނަން ޝާކިރާ ޖެހިއިރު އަނގައިނުބުނެވި ޖިޔާއަށް ގަބުވެފައި ހުރެވުނީތީ އެކަމާވެސް އޭނާއަށް ރޮވެނީއެވެ. ޖިޔާ އެގޮތަށް އިނދެ އެތަށްއިރެއްވަންދެން ރުޔެވެ. ރުއިން ހުއްޓާލިފަހުންވެސް އޭނާ އިނީ އިންގޮތަށެވެ. ކުޑައެނދުގެ ކައިރީ އިށީނދެލައިގެންނެވެ. އެހެންއިންދާ އިޝްވާ ކުސްތަޅާލިއަޑު އިވުނެވެ. އެއާއިއެކު ފުންމައިގެން ތެދުވެ ދަރިފުޅަށް ބަލާލެވުނެވެ. ދެލޯ މަރާލައިގެން އޮތް އިޝްވާގެ އަތްތިލަ އަނގަޏަށް ލަމުން އެކުއްޖާ އަނެއްކާވެސް ނިދީގެ ތެރެއަށް ފީނައިގަންތަން ޖިޔާއަށް ފެނުނެވެ.
ޒީޝާ އާއި ޒުހާގެ މޫނުމަތިން ފެނުނީ ޖިޔާ ބުނިއެއްޗެއްގެ ތެދުކަމެވެ. އެކަން ޝާކިރާއަށް އެނގުނެވެ. އޭނާ ސުވާލުކުރީ ޒީޝާ އާއިއެވެ. ހުރިހާ ވާހަކައެއް ޒީޝާ ކިޔައިދޭންފެށިއިރު ހީވަނީ އެފުރުޞަތު ޝާކިރާ ނުދީގެން އިންހެންނެވެ. ދޭތެރެއަކުން ޒުހާވެސް ޒީޝާގެ ވާހަކައިގައި ބައިވެރިވެ ޝާކިރާއަށް ހުރިހާ ކަމެއް އޮޅުން ފިލުވައިދެމުންދިޔައެވެ. އެހެންނަމަވެސް އެމީހުންވެސް ސިއްރުކުރީ ޖިޔާ ރިހާމު ނޫން ފިރިހެނަކާއިއެކު ޖިޔާ ގުޅުމެއް ހިންގިކަމެވެ. އަދި ދަރިފުޅުގެ ބައްޕައަކީވެސް އެމީހާކަމެވެ. އެކަން ޝާކިރާއަށް އެނގުމުން ވާނޭގޮތެއް ނޭނގޭތީ އެދެބެން ފަސްޖެހުނީއެވެ. ނާވީ ހުންނަގޮތް ޝާކިރާއަށްވެސް ފެނުނެވެ. އެހެންނަމަވެސް އޭނާއަށް ނޭނގިފައި އޮތް ކަމަކީ ޖިޔާ އާއި އޭނާ އާއި ދެމެދު ގުޅުމެއް އޮންނަކަމެވެ. އަދި ނާވީއަކީ ކޮން ޢާއިލާއެއްގެ ކުއްޖެއްކަމެވެ. ހުރިހާ ވާހަކައެއް ކަނުލާ އަޑުއަހަން އިން ޝާކިރާ ބޯޖަހާލިއެވެ.
“މަންމާ، ޖިޔާވެސް ހަމަޖެހޭނީ އަލުން މީހަކާ އިނީމަ، މިފަހަރު އޭނާ ބޭނުން މީހަކާ އިނުމުގެ ހުއްދަ ދީބަލަ” ޒީޝާ ހުރިހާކަމެއް މަންމައަށް އޮޅުން ފިލުވާދީ ނިމިގެން ބުނެލިއެވެ.
“އަހަރެން ބުނެފިންތަ އަހަރެން ޤަބޫލެއް ނޫނޭ” ޝާކިރާ ބުންޏެވެ.
“އޯ ސީރިއަސްކޮށްތަ މަންމާ، ޖީ މެރީކުރަން މަންމަ ޤަބޫލު ދޯ” ޒުހާ އުފަލުން ބުނެލިއެވެ.
“ޖިޔާ ތިބުނާ މީހަކާ ހިތްހަމަޖެހެންޖާ އަހަރެންނެތިން ތިކަމަށް ހުރަސްއަޅާކަށް، އެކަމަކު ކައިވެނީގެ ކަންތައްތައް ހަމަޖައްސަންވާނީ މިޢާއިލާއަށްވެސް އެނގިގެން، މިޢާއިލާވެސް ބޭނުންވާގޮތަކަށް” ޝާކިރާ މިހެން ބުނެލުމުން އޭނާ މިހާ އަވަހަށް ކަމެއް ރާވާލައިފިކަން ޒީޝާއަށް ވިސްނުނެވެ.
* * * *
“ކޮންކަމަކާ ތިވިސްނަނީ، ތިހީކުރަނީ ދޮންތަ ބުނެދާނެ އެއްޗަކާއިމެދުތަ” ނާވީގެ ކަންފަތުގައި ޖައްސާލައިގެން ހުރި ފޯނުން އޭނާ ވާހަކަދެއްކީ ޖިޔާ އާއިއެވެ.
ހަވީރުގެ ވަގުތެވެ. ނާވީ ހުރީ ފޯނުން ޖިޔާ އާއި ވާހަކަދައްކަން ބެލްކަނީގައެވެ. ނުހާ އޭނާގެ ގާތުން އެދުނީ ޖިޔާ އެގެއަށް ގެނެސްދިނުމަށެވެ. ނުހާވެސް ހުރީ ނާވީގެ ޖިޔާގެ ދެކިލާހިތުންނެވެ. ނާވީ އެހާބޮޑު ނިންމުމެއްނިންމީ ވިސްނާފައިތޯ އެނގެން އޭނާވެސް ބޭނުންވެއެވެ. އެހެންވެ ރޭގަނޑުގެ ކެއުމަށް ދައުވަގުތު ދިނީ ޖިޔާ ދެނެގަތުމުގެ ބޭނުމަގައެވެ. އެހެންނަމަވެސް ނާވީ ބޭނުންވީ ޖިޔާ ހަވީރު އެގެއަށް ގެނައުމަށެވެ.
“ނާވީގެ ދޮންތައެންނު، އެހެންވީމަ ނާވީގެ ޚިޔާލާއި މާބޮޑުތަފާތުކަމެއް ހުންނާނެ ހެނެއްހިޔެއްނުވޭ” ޖިޔާ ބުނެލިއެވެ.
“ތައްޔާރުވެފަ އަހަންނަށް ގުޅާލާ، އޭރުން ބަލާ ދާނަން، އިޝްކޮވެސް ތައްޔާރުކުރައްޗޭ، އަހަރެންގެ ގެއަށް ފުރަތަމަ އަންނައިރުވެސް އަހަރެން ބޭނުންވަނީ ތިދެމައިން އެކުގައި ގެންނަން، ޕްލީޒް ޖިޔާ، ނޫނެކޭ ނުބުނައްޗޭ” ނާވީ ވަރަށް ހިތްހަމަޖެހިލައިފައި ބުނެލިއެވެ.
“އަހަރެން ހިތަށްވެސް އެރި ޖިޔާ ހުންނާނީ ތިހެދުން ލާފައޭ” މަގުމައްޗަށް ނުކުން ޖިޔާ ފެނުމުން ނާވީ ބުނެލިއެވެ.
“ކިހިނެއް ނާވީއަށް އެނގުނީ އަހަރެން މިހެދުން ކަމެއް ލާނީ” ޖިޔާ ކެރިއަރގައި އޮތް ދަރިފުޅު ހަމަޖައްސާލަމުން ބުންޏެވެ.
“ގެނޭ އަހަރެން އަތަށް، ޖިޔާއަށް ކިހާ ބުރަވާނެ ތިބޭގާ އަނެއްކާ އިޝްވާގެ ކެރިއަރ އަޅުވައިގެންދާން، ގެއާއި ހަމައަށް ދެވެންދެން އަހަރެން އިޝްވާ އުރާލައިގެން ހިނގައިދާނަން” ނާވީ، ޖިޔާގެ ކުރިމައްޗަށް ވާގޮތަށް ހުއްޓެމުން ބުނެލިއެވެ.
“ބޭބީ ކެރިއަރގަވީމަ އެހާ އުނދަގުލެއް ނުވާނެ، އަތްވެސް ވާޅެއްނުވާނެ، އެހެންވެޔޭ މިއަށް ލައިގެން މިނިކުތީ” ޖިޔާ މިހެން ބުނުމުންވެސް ނާވީ އެގޮތާއި ޤަބޫލެއްނުވިއެވެ. އެހެންވެ ނާވީ އާއި ދެކޮޅު ނަހަދަންވެގެން އޭނާގެ އަތަށް ދަރިފުޅު ދިއްކޮށްލަމުން ސޮނިރުމާކޮޅުވެސް ނާވީއަށް ދީފިއެވެ. އަދި ނާވީ ކެރިއަރއަޅަން ދެކަށް ބޭބީ ހިފާއްޓާލައިގެން ހުއްޓެވެ. ނާވީ ހަމަޖެހިލުމުން ޖިޔާގެ ކޮނޑުގައި އަޅުވާލާފައި އޮތް ދަބަސް ރަނގަޅުކޮށްލަމުން ކޮނޑަށް ހެޔޮވަރުކޮށްލިއެވެ. ދެމީހުން އެކުގައި ހިނގައިގަތީ ދެނެވެ.
“އަޅެ ޓެކްސީއެއްގައި ދާން އެއްބަސްނުވީ ކީއްވެތަ، އޭރުން ކިހާ ފަސޭހަވާނެ ޖިޔާއަށްވެސް، އަހަރެން ވަރަށް ދެރަވޭ މިހެން ހިނގާފައި ޖިޔާ ގެންދަން ޖެހޭތީ” ނާވީ މިހެން ބުނުމުން ޖިޔާ ލުއިގޮތަކަށް ހީނލީއެވެ.
“އެވަރުކަމެއްތަމީ، ހަވީރު ހިޔާއަރާފަ މިއޮތީ، އިޝްކޮއަށްވެސް ރަނގަޅުވާނީ މިހެން ބޭރަށް ނެރެލާ އުޅުނީމައެންނު، އޭރުން ތަފާތު އަޑުތަކަށާއި އެކި މާޙައުލަށް ހޭނޭނީ، އަނެއްކާ ޓެކްސީއަށް އެރީމަ އަހަރެން ވަރަށް ހޮޑުލަވާގޮތްވޭ، އެނގެއެންނު، އިޝްކޮއަށް ވެކްސިން ދޭން ދިޔަ ދުވަހު ވީގޮތް، އެހެންވެ އެންނު ހިނގާފަ ގެއަށް އައީ” ޖިޔާ، ނާވީއަށް ހަނދާންކޮށްލަދިނެވެ.
“އެއީ ޖިޔާ ކާރުގައި ދަތުރުކޮށްނޫޅޭތީ ވީގޮތެކޭ” ނާވީ ބުންޏެވެ.
“ވެދާނެ އެހެންކަމަށް، ދެން ބުނެބަލަ، ކިހިނެއްތަ އެނގުނީ އަހަރެން ހުންނާނީ މިހެދުން ލާފަކަން” ޖިޔާ އަނެއްކާވެސް އަހާލިއެވެ.
“އަހަންނެންނު ބުނީ ކަޅުރަތްކުލަޔާ ޖިޔާގެ ހަމުގެ ކުލަޔާ ވަރަށް ގުޅެޔޭ، އެހެންވެ ތިހެދުންލީމާ ވަރަށް ޝާހީވައްތަރު ޖަހާފައި ވަރަށް ރީއްޗޭ، އެހާ އަވަހަށް ހަނދާންނެތުނީތަ” ނާވީވެސް ހިނިއައިސްފައި ހުރެ ޖިޔާއަށް ކަމެއް ހަނދާންކޮށްލަދިނެވެ.
“އަސްލު ތިހީވީ ރަނގަޅަށް، އެދުވަހު ނާވީ އެހެންބުނީމަ އަހަންނަށް އެނގުނީ ނާވީއަށް އަހަރެން މިހެދުންލީމާ ވަރަށް ކަމުދާނެކަން، އެހެންވެ ހިތަށް އެރީ ނާވީގެ ދޮންތައަށްވެސް އަހަރެން މިހެދުމުގައި ފެނުނީމާ ކަމުހިނގައިދާނެޔޭ” ޖިޔާ މިހެންބުނެ ނާވީއަށް ބަލާލިއެވެ. އެމޫނުމަތިން ނާވީއަށް ފެނުނީ ލަދުރަކި ހިނިތުންވުމެކެވެ. އެކަމަކު ނާވީގެ ހިތުގެ އެންމެ ފުންމިނަށް އެހިނިތުންވުން އަސަރުފޯރުވިއެވެ.
ދެމީހުންގެ ވާހަކައިގައި ނާވީމެންގެއާއި ހަމައަށް އާދެވުނުއިރު ދަތުރު މާދިގުވިހެނެއް އެކަކަށްވެސް ހިޔެއްނުވިއެވެ. ގޭތެރެއަށް ވަދެ ސިޑިން މައްޗަށް ނާވީ އަރަމުން ދިޔައީ ޖިޔާގެ ފަހަތުގައި ހުރެއެވެ. އިރުއިރުކޮޅާ ޖިޔާ ފަހަތަށް ބަލާލައެވެ. އެއާއިއެކު “އަދިވެސް މައްޗަށް” މިހެން ނާވީ ބުނެލައެވެ. ނާވީމެންގެ އިމާރާތްކޮށްފައި ހުރިގޮތާއި ޖިޔާގެ ގެ އިމާރާތްކޮށްފައި ހުރިގޮތާއި ދާދި އެއްގޮތެވެ. ހުރި ތަފާތަކީ ލިފްޓެއް ނުހުންނާތީއެވެ. ސިޑިން އަރާފައިބަންވީމާ އެކަމަށް ޖިޔާ ފަރިތަނުވުމުން މީހާ މުޅިން ލޮޑުވެއްޖެއެވެ.
“ވަރުބަލިވެއްޖެ ދޯ” ފުންނޭވާތަކެއް ޖިޔާ ލާތަން ނާވީއަށް ފެނުމުން ބުނެލިއެވެ.
“ކުޑަކޮށް” ހިނިތުންވުމަކާއިއެކު ޖިޔާ ބުނެލިއެވެ.
ސިޓިން ރޫމު ސޯފާގައި ޒިޔާފު ގޮވައިގެން ޓީވީ ބަލަން އިން ނުހާއަށް ދޮރުންވަން ނާވީ ފެނުމާއިއެކު ބޭއިޙްތިޔާރުގައި ތެދުވެވުނެވެ. އަންތަރީސްވެފައި ހުރެ ނާވީގެ މޭގައި ފޮރުވިފައި އޮތް ކުޑަކުޑަ ފުރާނަޔާއި ދިމާލަށް ބަލާލަމުން އޭނާގެ ގާތުގައި ހުރި އަންހެން ކުއްޖާއަށް ނުހާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ހަމައެވަގުތު ނުހާ އާއި ދިމާލަށް ކޮންމެވެސް އެއްޗެއް ބުނަމުން ކޮޓަރިން ނުކުމެގެން އައި ފުއާދަށްވެސް ހުއްޓުން އެރީ ނާވީ ފެނިފައެވެ. މިވަނީ ކިހިނެއްކަން ނޭނގި ފުއާދަށްވެސް ބަލާލެވުނީ ނުހާގެ މޫނަށެވެ. މިނޫނީ ނާވީ އެގެއަށް އަންހެން ކުއްޖަކު ގެނައިތަނެއް ފުއާދު ނުދެކެއެވެ. ނާވީގެ ދިރިއުޅުމުގައި ހިނގާ ކަންތައްތައް ބޮޑަށް އެނގޭ މީހަކީ އޭނާގެ މަންމައެވެ. ނަމަވެސް ފުއާދާއި އޭނާގެ އަނބިމީހާ ވަކިވިފަހުން ދަރިފުޅުގެ ދިރިއުޅުމުގައި ހިނގާ ކަންތައްތަކެއް އެއްގޮތަކަށްވެސް ފުއާދަކަށް ނޭނގެއެވެ. ނާވީ އާއި އެހާ ގާތް ގުޅެމެއް ފުއާދާއި ނޯވެއެވެ. ނަމަވެސް އެދެމެދުގައި ލޯތްބާއި އިޙްތިރާމާއި ޤަދަރު އޮވެއެވެ. އެހެންވެ ނާވީގެ ފަރާތުން ފެންނަމުން ދިޔައީ އާކަންތައްތަކެއް ނަމަވެސް އެކަމުގައި ކޮންމެވެސް ކަމެއް ފޮރުވިފައި އެބައޮތްކަން ފުއާދަށް ނަގައިގަނެވުނެވެ. މިވަގު މީ ސުވާލު ކުރުމުގެ ވަގުތެއް ނޫނޭ ހިތަށް އަރާ ނާވީގެ ރަޙުމަތްތެރިޔާއަށް ބަލާލިއެވެ.
“މީ ކޮންކުއްޖެއްތަ، ނާވީ، ތިހެން ނުހުރެ އެތެރެއަށްވަދެ އޭނަ ބައިންދަބަލަ” ތަނަށްވެރިވެފައި އޮތް ހާސްކަންފިލުވާލުމަށް ފުއާދު ބުނެލިއެވެ.
“ޖިޔާ…” ނާވީއަށް އެވަގުތު ފުއާދު ފެނުމުން ހިތްއަވަސްވީއެވެ. ބައްޕަ ބުނެދާނެ އެއްޗަކާއިމެދު ކަންބޮޑުވެ ހުއްޓުން އެރީއެވެ. ނަމަވެސް ފުއާދުގެ ފަރާތުން ހަމަޖެހިފައި ހުރި ގޮތް ފެނުމުން ނާވީއަށް ހިތްވަރު ލިބިގެންދިޔައެވެ. ނުހާވެސް ފުއާދަށް ބަލާލާފައި ޖިޔާއަށް ހިނިތުންވެލަމުން އެތެރެއަށް އައުމަށް ބުންޏެވެ. އެންމެނަށްވުރެ ޖިޔާ ހުރީ ހާސްވެފައެވެ. މަޑުމަޑުން އައިސް ނުހާ އިޝާރާތްކޮށްލި ދިމާލުގައި ޖިޔާ އިށީނެވެ. ހިނިއައިސްފައި ހުރި ނާވީ އައިސް ނުހާއަށް ތުއްތު އިޝްވާ ދައްކާލިއެވެ. ކެރިއަރގެ ތެރެއިން އިޝްވާ ނަގާ ނުހާއަށް ދިއްކޮށްލުމުން ނުހާގެ މޫނުމަތި އުޖާލާވެގެން ދިޔަތަން ފެނުނެވެ. އޭނާގެ ހިތުގައިވެސް އެކުއްޖާ ލޯބި އުފައްދައިފިއެވެ.
“ވަރަށް ލޯބި، ކޮން ނަމެއް ކިޔަނީ” ނުހާ ޖިޔާގެ ދަރިފުޅު އޭނާގެ އަތުގެތެރެއަށްލައިގެން ހުރެ ޖިޔާއަށް ބަލާލިއެވެ.
“އިޝްވާ” ޖިޔާ މަޑުމަޑުން ބުނެލިއެވެ. އެއްފަރާތުގައި ހުރި ފުއާދުވެސް އައިސް ނާވީގެ ކޮނޑުގައި އަތްޖައްސާލަމުން ނުހާގެ އަތުގައި އޮތް ކުއްޖާއަށް ބަލާލިއެވެ. އެހިނދު ޓީވީ ބަލަން އިން ޒިޔާފުގެ ސަމާލުކަންވެސް އެގެއަށް އައިސް އިން ނުދަންނަ މީހާއަށް ހުއްޓިއްޖެއެވެ.
“ކޮއްކޮ ބޭބީ ބަލަން ބޭނުން، ކޮއްކޮއަށް ދައްކާލަބަލަ، ނާބޭ… ކޮއްކޮއަށް ދައްކާލަބަލަ” އަވަސްއަރުވާލާފައި އުޅުނު ޒިޔާފު ކިޔަންފެށިއެވެ. އަދި ނާވީ ލައިގެން ހުރި ޖިންސަށް ދަމަންފެށިއެވެ. ނާވީ ކެރިއަރ ނަގާ އެއްފަރާތުގައި ބާއްވާލަމުން ޒިޔާފު އުރާލިއެވެ.
“އާނއާނ، ދަރިފުޅު، މަޑުމަޑުން، އެހެންނޫނީ ބޭބީއަށް އައްދޮވެދާނެއެންނު، ބަލާބަލަ ބަސްއަހާކަން” ޒިޔާފު އިސްވާގެ އަތުގައި ހިފަން އުޅުނު ގޮތުން ނުހާ ބުނެލިއެވެ. ފުއާދުގެ މޫނުމަތިންވެސް ފެނުނީ ހިނިތުންވުމެކެވެ.
“ބޭބީ ނިދާފަތަ އެއޮތީ، ހޭލާނެތަ، ކޮއްކޮގެ ކާރު ބޭބީއަށް ދައްކާލަންވާނެ ދޯ” ޒިޔާފު، ނާވީއަށް ބުނެލިއެވެ. ނާވީ، ޒިޔާފުގެ ކޮލުގައި ބޮސްދީފައި ހިނިއައިސްފައި ހުރެ އާނއެކޭ ބުންޏެވެ.
ހުރިހާ އެންމެންގެ ހަރަކާތްތަކަށް ބަލަން އިން ޖިޔާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. ނާވީ އައީ ރަނގަޅު ޢާއިލާއަކުންނެވެ. އޭނާއަށް ލިބިފައިވާ ރިވެތި އަޙުލާގުގެ ސިއްރައަކީ އެއީއެވެ. ނާވީ އާއި ކައިވެނިކުރަން ނިންމި ނިންމުމާއިމެދު އިތުރަށް އޭނަ ހިތްހަމަޖެހި އެއީ އެންމެ ރަނގަޅު ނިންމުން ކަމުގައި ޔަޤީންކުރިއެވެ. ނާވީ އާއި ޒިޔާފުގެ ގުޅުން ފެނި ނާވީއަކީ ރަނގަޅު ބައްޕައަކަށް ވާނޭކަން ޖިޔާގެ ހިތްބުންޏެވެ. މާނަފުން ބަލާލުމަކުން ޖިޔާ، ނާވީއަށް ހިނިތުންވެލައިގެން އިނދެ ބަލަން އިންތަން ނުހާއަށް ފާހަގަކުރެވުނެވެ. ނުހާއަށް ޖިޔާގެ މޫނުމަތިން ނާވީގެ މައްޗަށް ލޯބި ފެނުނެވެ. އެކަމާ އޭނާ ހިތްހަމަޖެހުނެވެ. ހީކުރި ވަރަށްވުރެވެސް ޖިޔާ ރީތިވީމަ އެކަންވެސް ނުހާއަށް ފާހަގަކުރެވުނެވެ.
ފުއާދު، ނުހާގެ އަތުގެތެރޭއޮތް ތުއްތު ކުއްޖާގެ ކޮލުގައި ކޮއްޓާލާފައި ހިނގައިގަތީ އެޕާޓްމެންޓުން ނުކުންނާށެވެ. ނުހާ، ސޯފާގައި އިށީންނަމުން ޖިޔާއަށް ބަލާލާފައި ވާހަކަދައްކަން ފެށިއެވެ. އޭނަގެ ގާތުގައި ނާވީވެސް އިށީނެވެ. އޭރު ނާވީގެ އުނގުގައި ޒިޔާފު އިނެވެ.
“ކޮޓަރީގައި ބައްވާލަންވީނު، ގަދަ ނިދީގައި މިއޮތީ، ހިނގާ އެތެރެއަށް” ނުހާ ބުނެލިއެވެ. ޖިޔާ ބަލާލީ ނާވީއަށެވެ. ނާވީ މަޑުމަޑުން ބޯޖަހާލާފައި ތެދުވަން އުޅުމުން ނުހާ އެއްއަތުން އިޝްވާ ހިފާއްޓާލައިގެން އިނދެފައި އަނެއްއަތުން ނާވީގެ އަތުގައި ހިފޭއްޓިއެވެ.
“ނާވީ މިތާ ޔާފު ގޮވައިގެން އިނދޭ، ދޮންތަ އާއި ޖިޔާ އެތެރެއަށް ހިނގައިދާނަން، އާދޭ ޖިޔާ” ނުހާ ތެދުވަމުން މިހެން ބުނެ ބޮލުން އިޝާރާތްކޮށްލާފައި ޖިޔާ ގާތު އަންނާށޭ ބުންޏެވެ. ކޮންމެވެސް ވަރަކަށް ފިނިވެފައި ހުރެ ޖިޔާ، ނުހާގެ ފަހަތުން ދިޔައެވެ.
ނުހާގެ ކޮޓަރީގައި ހުރި ބޮޑު އެނދުގައި އިޝްވާ ބާއްވާލިއެވެ. އަދި އެއްފަރާތުން ބާލީހެއްޖައްސާލަމުން، ޒިޔާފުގެ ކުޑައެނދުން ކުޑަބާލީހެއްގެނެސް އިޝްވާގެ ފައިކޮޅުގައި މަޑުމަޑުން ބައްވާލިއެވެ.
“އިށީނދޭ” ޖިޔާއަށް ހިނިތުންވެލަމުން ނުހާ ބުންޏެވެ. އެއާއިއެކު ވަރަށް ބަލައިގެން މަޑުމަޑުން ޖިޔާ، ނުހާގެ އެނދުގައި އިށީނދެއްޖެއެވެ.
“ނާވީ ބުނި ކައިވެނި ކުރަން ނިންމިވާހަކަ، އަހަރެންމީ ނާވީގެ ދޮންތަ، ނުކުމެގެން އެދިޔައީ އަހަރުމެން ކުދިންގެ ބައްޕަ، ޖިޔާ، އަހަރެން އަސްލު ޖިޔާ ގޮވައިގެން މިތަނަށް މިއައީ ޖިޔާ އާއި އެކަނި ވާހަކަދައްކާލަން ބޭނުންވެގެން” ނުހާ ބުންޏެވެ. ޖިޔާ އަނގައިން ބަހެއްވެސް ނުބުނެ އިނީ ނުހާ ދައްކާ ވާހަކަ ވަރަށް ރަނގަޅަށް އަޑުއަހާށެވެ.
“ނާވީ ދުވަހަކުވެސް މިނޫނީ އަންހެން ކުއްޖެއްގެ ވާހަކަ ނުދައްކާ، ޖިޔާގެ ނަން އަޑުއިވުނީވެސް ކައިވެންޏާ ހިސާބުން، ހިތަށް އަރާ ކީއްވެބާއޭ ނާވީ ކުއްލިއަކަށް ކައިވެންޏާއި ހަމައަށް ދާންވީ، އަހާލަން ބޭނުންވަނީ މިއީ ޖިޔާ ބޭނުންވާގޮތްތޯ، އަހަންނަށް ވަރަށް ރަނގަޅު ޖިޔާ ތެދަށް އަހަންނާ ވާހަކަދައްކައިފިއްޔާ” ނުހާގެ މޫނުމަތިންނާއި އޭނާގެ ވާހަކައިންވެސް ސީރިއަސްވެފައި އިންކަން އެނގެއެވެ.
“ނާވީގެ ނިންމުންތަކަކީ އޭނާގެ އަމިއްލަ ނިންމުންތަކެއް، އެއީ އޭނާ ބޭނުންވާގޮތް، ނާވީގެ ނިންމުންތަކަށް ފާޑުކިޔަން އަހަރެން ބޭނުންނުވަނީ، އެއީ އޭނާ ކަމެއް ނިންމާނީ ވަރަށް ވިސްނާފައިކަން އެނގޭތީ، ދެން ނާވީ އެހާ އަވަހަށް ކައިވެނިކުރަން ބޭނުންވާ ސަބަބެއް އެނގޭނީ ހަމަ އޭނާއަށް” ޖިޔާ މިހެން ބުނުމުން ނުހާއަށް ޖަވާބުވެސް ލިބިއްޖެއެވެ. ނާވީ އެހާ އަވަސްއަރުވާލާފައި ޖިޔާ އާއި ކައިވެނިކުރަން އެއުޅެނީ ކީއްވެކަމެވެ. އެކަމަކު އެވަރުން ނުހާގެ ހިތެއް ހަމައެއްނުޖެހުނެވެ.
“ޖިޔާ ލޯބިވޭތަ ނާވީދެކެ، ނޫނީ ދަރިފުޅަށް ރަނގަޅަކަށްތަ އެހެންމީހަކާ ކައިވެނިކުރަން ތިއުޅެނީ، ދަރިފުޅުގެ ބައްޕަ ކޮބައިތޯ އަހާލެވިދާނެތަ” ނުހާ މިހެން ބުނުމުން ޖިޔާ ވަރަށް ކަންބޮޑުވިއެވެ. އޭނާ ތިރީތުންފަތް ތެތްމާލަމުން ނުހާއަށް ބަލާލިއެވެ.
“ދަރިފުޅުގެ ބައްޕަ އެބަހުރި، އެހެންމީހަކާ އިނދެގެން އުޅެނީ، އޭނާ އާއި އަހަންނާ އެއްވެސް ގުޅުމެއްނެތް، އަލުން އޭނާ އާއި ގުޅޭކަށްވެސް ބޭނުމެއްނޫން، ނާވީގެ ދޮންތަ މިކައިވެނި ލަސްކުރަން ބޭނުންވާނަމަ އަހަރެން ނާވީއަށް ވިސްނާދޭން މަސައްކަތްކުރާނަން، އެކަމަކު ޤަބޫލުކުރޭ، ނާވީގެ މައްޗަށް އަހަރެންގެ އެއްވެސް ނުފޫޒެއް ނޯންނާނެ، އަހަރެން ޤަބޫލުކުރާ ގޮތުގައި އަހަރެންދެކެ ލޯބިވެ އަހަންނަށް ރަނގަޅު މީހަކު އަހަރެންގެ މި ދަރިފުޅުދެކެވެސް ލޯބިވާނެ، އަދި މިހާރު އަހަންނަކީ އެންމެ މީހެއްނޫން، ދެމީހުން، އެހެންވީމަ ކޮންމެ މީހަކު ހަޔާތަށް އަޔަސް އެމީހަކުވާންޖެހޭނީ އަހަންނަކީ ދަރިއަކު ހުރި މީހެއްކަން އެނގިހުރެ އަހަންނާ ގުޅެން ބޭނުންވާ މީހަކަށް” ޖިޔާ، ނުހާއަށް ބަލަން އިނދެ ބުނެލިއެވެ.
ޖިޔާގެ ވާހަކައިން އޭނާ އެބުނަނީ ވަރަށްވެސް ބޮޑުތެދެއްކަން ނުހާއަށް ދޭހަވެގެން ދިޔައެވެ. ނާވީ އެހާވަރަކުން ޖިޔާ އެގެއަށް އެ ގެނައީވެސް ނުހާއަށް ޖިޔާއަކީ މިއުޅޭ އެހެން އަންހެން ކުދިން ކަހަލަ އަންހެންކުއްޖެއްނޫން ބުނެދޭންވެގެންނެވެ. ދަރިއަކު ހުރުމުންނޭ ކިޔާފައި ވަކި އަމިއްލަ އެދުން އިސްކުރުމެއް ޖިޔާގެ ފަރާތުން ނުހާއަށް ފާހަގައެއް ނުކުރެވުނެވެ. އެކަމަކު ޖިޔާގެ މޫނުމަތިން މާޔޫސްކަން ނުހާއަށް ފެނިގެންދިޔައެވެ.
“އެހެންވީމަ އަހަރެން ޤަބޫލުކުރަން ބޭނުންވަނީ ޖިޔާ، ނާވީ އާއި ގުޅެން ތިއުޅެނީ ނާވީދެކެ ލޯބިވާތީއޭ، އަހަންނަށް އެނގޭ، ނާވީއަކީ ވަރަށް ބޮޑު ހިތެއް ލިބިފައިވާ ކުއްޖެއް، ބައެއްފަހަރު ބިރުވެސް ގަނޭ، މީހުން އެނާގެ އޯގާތެރިކަމުގެ ފައިދާ ނަގާފާނެތީ، އޭނާގެ ދިރިއުޅުމުގައި މާޔޫސްވެ ރޯންޖެހޭ ފަދަ ދުވަހެއް އަތުވެދާނެތީވެ، މި ޢާއިލާގެ ހުރިހާވެސް ހިތްވަރަކީ އެއީ، އަހަރެންގެ ދަރިފުޅުގެ ހުރިހާ އުފަލަކާއި އުންމީދުތައްވެސް ގުޅިފައިވަނީ ނާވީ އާއި، ޖިޔާ، ދުވަހަކުވެސް ނާވީ ހިތުގައިޖެހޭނޭ ވަރުގެ ކަމެއް ނުކުރައްޗޭ” ނުހާ، ޖިޔާއަށް ބަލާލަމުން ބުންޏެވެ. ލުއިލުއި ހިނިތުންވުމަކާއިއެކު ދެލޯމަރާލާފައި ބޯޖަހާލަމުން ޖިޔާ ނުހާއަށް ބަލާލީ ނުހާ އެދުނު ކަންތައް ކޮށްދޭނަމޭ ބުނާ ފަދައަކުންނެވެ.
“ކޮންއިރަކު ކައިވެނި ކުރަނީ” ހިތްހަމަޖެހިލާފައި ނުހާ އަހާލިއެވެ.
“ނާވީއަށް އެނގޭނީ، އަދި ވަކިދުވަހެއް ނުބުނޭ” ޖިޔާ މަޑުމަޑުން ބުނެލިއެވެ. ނުހާއަށް ޖިޔާގެ މަޑުމައިތިރިކަން ވަރަށް ކަމުދިޔައެވެ. އަދި އެސިފަ ޖިޔާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނެވެ. ނުހާއަށް ހިތާ ހިތުން ޖިޔާގެ ރީތިކަމަށް ތަޢުރީފުކުރެވުނެވެ. ނާވީއަށް ޖިޔާ އާއި ދުރުނުވެވިގެންވެސް އެއުޅެނީ މިހެންވެކަން ނުހާއަށް ވިސްނުނެވެ.
ނުހާ ވާހަކައެއް ބުނަން އުޅުނު ވަގުތު އެކޮޓަރިއަށް ނާވީ އާއި ޒިޔާފު އަތުވެއްޖެއެވެ. ދުވެފައި އައި ޒިޔާފު އައިގޮތަށް ނުހާގެ އުނގުތެރެއަށް ވަނެވެ. އަދި ލޯތްބާއި މައުސޫމުކަމުން ފުރިގެންވާ ފަދަ ގޮތަކަށް ނިދާފައި އޮތް އިޝްވާ އާއި ތޮޅިލަން އުޅުނެވެ. އެހިނދު ނުހާ އަވަސް އަވަހަށް ޒިޔާފު ހުއްޓުވިއެވެ. އެންމެނަށް އެއްފަހަރާ ޒިޔާފުގެ އެހަރަކާތުން ހިނިއައެވެ.
“ދޮންތާ، ޖިޔާ އެކަނި ބައިންދައިގެން ވާހަކަ ނުދައްކާ އަހަރެންވެސް ބައިވެރިކޮށްބަލަ” ނާވީ ކުރިއަށް ޖެހިލަމުން ބުނެލިއެވެ.
“ހޫން! ދެން އައިސް މިތާ އިނދެބަލަ، ބައްޕަ ނުކުމެގެން ދިޔައިރު ކީއްވެތަ ނުބުނީ، ތިމަންނަ އިންނަން އުޅޭ ކުއްޖާ ގޮވައިގެންނޭ މިއައީ” ނުހާ ބޭނުންވީ ނާވީ އާއި ދިމާކޮށްލާށެވެ. އެކަން ނުހާއަށް ކާމިޔާބުވެސް ވިއެވެ. އެއްޗެއް ނުބުނެ އިން ނާވީ ލަދުގަތްކަން ނުހާއަށް އެނގުނެވެ. ނާވީ ސިއްރު ސިއްރުން ޖިޔާއަށް ބަލާލިއެވެ. ޖިޔާވެސް އިނީ ލަދުރަކި ގޮތަކަށް ހިނިތުންވެލައިގެންނެވެ.
* * * *
ހިނިތުންވެލައިގެން އިން ޒުކަން އަށް އިބާ ބަލާލިއެވެ. ޒުކަންގެ އަތުގައި ތުއްތު އައިކު އޮވެގެން އަޑުއަޑުލައްވަމުން ދިޔައިރު ޒުކަންގެ މޫނުމަތިން އުފާވެރިކަން ފާޅުވަމުން ދިޔައެވެ. ނަމަވެސް މިހާރުވެސް ދޭތެރެއަކުން އިބާ އެކަނިވާ ވަގުތު ތަކުގައި މާޔޫސްވެ ދެރަވެފައި ހުރެއެވެ. ކޮންވެސް ފިކުރެއްގެ ތެރެއަށް ގެއްލި ވިސްނުމުގައި ވަގުތު ހޭދަކުރެއެވެ. ޒުކަން ފެނުމުން އަލުން މުޅިން އެހެން މީހަކަށް ވާފަދައެވެ.
“އަހަންނަށް އަދިވެސް ޤަބޫލެއް ނުކުރެވޭ، އިބާ އޮފީހަށް ދެން ދުވަހަކުވެސް ނުދާނެކަމަކަށް، އެކަމަކު ބުނަން ވަރަށް އުފާވޭ ތިހެން ގޭގައި ދަރިފުޅުގެ ކަންތައްތައް ބަލަހައްޓަން ހުންނާތީ، މިހާރު އަހަރެން ގެއަށް އަންނައިރު މަންމަގެ މޫނުމަތިންވެސް ހިތްހަމަނުޖެހިފައި ހުންނަ ތަނެއް ނުފެނޭ، އަސްލު މިހެން ރީތިކޮށް އުޅެންވީ ބައެކޭ މީ، ﷲއަށް ޝުކުރުކުރަން މިދުވަސް ދެއްކެވީތީ” ޒުކަން އުފާވެލާފައި އިނދެ އެނދުގެ އެއްފަރާތުގައި ކުޑަމީހާގެ އެއްޗެހި ފަތްޖަހަން އިން އިބާއަށް ބަލާލިއެވެ.
“އަހަރެން ޒުކަންދެކެ ލޯބިވާތީއޭ މިހުރިހާ ބަދަލުތަކެއް ގެނައީ، އަހަރެންވެސް މިހާރު މާހިތްހަމަޖެހޭ” އިބާ ހިނިތުންވެލިއެވެ.
“މިރޭ އަހަރެން ބޭނުން އިބާ ގޮވައިގެން ބޭރަށް ގޮސްލަން، ދެމީހުން އެކަނި، މަންމަ ގާތު ބުނެލަންވީނު އައިކު އާއިއެކު މިރޭ މިކޮޓަރީގައި މަޑުކޮށްލަދޭން” ޒުކަން ބުނެލިއެވެ.
“ހާދަ ކުއްލި ގޮތަކަށް، މަންމަގެ ޕްލޭންސްތަކަށްވެސް ބަލަންވާނެ އެންނު” އިބާ ހައިރާންވެފައި ބުނެލިއެވެ.
“އިބާ ފެނިފަ ކުއްލިއަކަށް މާބޮޑަށް ލޯބިވީ، އެހެންވެ ހިތަށް އެރީ ވަރަށް ދުވަސްވެއްޖޭ ދެމީހުން އެކަނި ބޭރަށް ނުކުމެ ނުލޭވޭތާ، ދަރިއަކު ލިބުނަސް އަހަރެންގެ ސަމާލުކަން އިބާއަށްވެސް ލިބެންވާނެއެންނު، މަންމަގެ ކޮން ޕްލޭންސް އެއް އޮންނާނީ، ރޭގަނޑު ކައިގެން އިށީންނާނީ ޓީވީ ދޮށުގައި، އެހެން އިނދެފައި ދެންވަންނާނީ ނިދަން، އިބާ ގޮސް އަހާލަބަލަ އަޅެ، މިރޭ އެއްވެސް ކަމެއް އެބައޮތްތޯ، ކަމެއް އޮތިއްޔާ މާދަމާ ރޭ އަހަރުމެން ބޭރަށް ދާގޮތަށް ހަމަޖެއްސިދާނެއެންނު” ޒުކަން ބުނެލިއެވެ.
އިބާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލަފައި ފަތްޖެހުނު އެއްޗެހި ގެންގޮސް ދަރިފުޅަށް ޚާއްޞަކުރެވިފައި ހުރި ކަބަޑަށް އަޅަން ފެށިއެވެ. އަދި އެކަން ކޮށްލައިގެން އައިސް ޒުކަން އަތުން ދަރިފުޅު ނަގައިގެން ތަހުމީނާގެ ގާތަށް ދިއުމަށް ހިނގައިގަތެވެ.
“އަހަންނަށް ވަރަށް މީރު ކޮފީތައްޓެއް ހަދާލަ ދެއްޗޭ، އަހަރެން ދާނަން މިގަމީސް ބަދަލުކޮށްލައިގެން، އައިކުގެ ހޮޑު އުނގުޅިފަ ހުރީމަ ވަރަށް ނުބައިވަސް އެބަދުވާ” ޒުކަން މިހެން ބުނެ ތެދުވެގެން އަލަމާރި ކައިރިއަށް ހިނގައިގަތެވެ.
“އަހަރެން ކުރިންދުވަހު މަންމަ އާއިއެކު ބޭރަށް ނުކުމެފައި ޒުކަންއަށް ގަން ގަމީހެއް ހުންނާނެ ދޮވެފަ އިސްތިރިކޮށްފައި އަލަމާރީގައި އަޅުވާފައި، އެގަމީސް އިނގޭ ލާނީ” އިބާ ނުކުންނަން ދަމުން ބުނެލިއެވެ. ޒުކަން ހީނލާފައި ވަރަށް އަވަހަށް އާނއެކޭ ބުނެލިއެވެ.
ފާޚާނާއަށް ވަދެލާފައި ޒުކަން ނުކުތީ ގަމީސް ބާލައިގެންނެވެ. އޭނާ ދެން ހިނގައިގަތީ އިބާ ބުނިހެން އަލަމާރީގައި އޭނާއަށް ތައްޔާރުކޮށްދީފައި ހުރި ގަމީސް ނެގުމަށެވެ. މަޑުމަޑު ވިލުނޫލުކުލައަކަށްދާ ސިލްކު ގަމީސް ފެނުމާއިއެކު ޒުކަންއަށް ހީވީ ކަރަންޓު ޝޮކެއް ހަށިގަނޑަށް ޖެހުނުހެންނެވެ. ފަހަތަށް ފިޔަވަޅު އަޅާލެވުނީ ބިރުވެރިގޮތަކަށެވެ. ވަގުތުން ސިކުނޑި ހަލަބޮލި ކުރުވައިފިއެވެ. އިރުކޮޅަކު އަލަމާރީގައި އަޅުވާފައި ހުރި އެގަމީހަށް ބަލަން ހުރެވުނެވެ. ބޮލުގައި އަތްފުނާ އަޅާލާފަދަ ގޮތަކަށް މޫނުމައްޗަށް ފައިބާފައި ހުރި އިސްތަށިތައް ފަހަތަށް ގެންދިއެވެ.
“މި… މިގަމީސް… ހަމަ އެވައްތަރު…” ހިތާހިތުން ޒުކަންއަށް ބުނެލެވުނެވެ. އޭނާ މޫނު އަނބުރާލަމުން އަވަސް އަވަހަށް ޓީޝާޓު އަޅުވާފައި ހުރި ބައިން ޓީޝާޓެއް ނަގައިގެން ހަށިގަނޑަށް ހެޔޮވަރުކޮށްލިއެވެ. އަދި އަލަމާރި ލައްޕާލަމުން ހަލުވިކަމާއިއެކު ބެލްކަންޏަށް ނުކުމެ ވަށައިގެން އަޅާފައިވާ ދަގަނޑު ހޮޅީގައި ބާރަށް ހިފާއްޓާލަމުން ދެލޯ މަރާލިއެވެ.
“އަހަރެން އެވަރަށް ހަނދާންނައްތާލަން މަސައްކަތްކުރާތީތަ މިހެން މިވަނީ، މީގެ މާނައަކީ ކޮބާތަ، ދުވަހަކުވެސް އަހަންނަށް މާފު ހައްޤުނޫނީތަ” ޒުކަން އޭނާގެ ހިތުގެ ދުލުން އަމިއްލަ ޟަމީރާ ޝަކުވާކުރިއެވެ. ފުންނޭވާތަކެއް ލަމުން އޭނާ ދިޔައިރު މަރާލެވިފައި ހުރި ލޮލާއިއެކު އަތަށް ބާރުލަމުން ދިޔައެވެ.
“މަންމާ، އެބަ އަންނަން ޒުކަން ކޮބާތޯ ބަލާލާފަ، ގަމީސް ބަދަލުކޮށްލައިގެން މިއަންނަނީ އޭ ބުނި މީހާ، މިހާރު ހާދަ އިރެއްވެއްޖެޔޭ، ރަނގަޅަށްވެއްޖެއްޔާ ނިދުނީ ކަންނޭނގެ، އެކަމަކު ކޮފީވެސް ހަދާށޭ ބުންޏޭ” ޒުކަން ނުނިކުމެ ލަސްވާތީ އިބާ އުނގަށް ލައިގެން އިން ދަރިފުޅު ތަހުމީނާއަށް ދިއްކޮށްލިއެވެ. އަދި ހަލުވިކޮށް ހިނގާލަފައި އައިސް ކޮޓަރިއަށް ވަނެވެ. ކޮޓަރިތެރޭގައި ޒުކަން ފެންނަން ނެތުމުން އިބާ ހިނގައިގަތީ ފާޚާނާ އާއި ދިމާލަށެވެ. ނަމަވެސް ބެލްކަނީގައި ހުރި ޒުކަން ހުރަސްކަނޑާލިވަގުތު އިބާގެ ލޮލުގައި އަޅައިގަތެވެ. ހިނިތުންވެލެވުމާއިއެކު ބެލްކަންޏަށް ނުކުމެ ޒުކަންގެ ގައިގާ ފަހަތުން އިބާ ބައްދާލިއެވެ. އެހިނދު ޒުކަން ސިހިގެން ދިއުމާއިއެކު އިބާއަށްވެސް ދުރަށް ޖެހިލެވުނެވެ.
“ކިހިނެއްވީ” އިބާއަށް ހައިރާންވެފައި އަހާލެވުނެވެ.
“ކަމެއްނުވޭ، އަހަރެން ނުގޮސްގެން ދޯ ތިއައީ” ޒުކަން އަވަސް އަވަހަށް ހަމަޖެހިލަމުން މިހެންބުނެ އިބާގެނެސް ގަޔާއި ކައިރިކޮށްލިއެވެ.
“ކޮފީތަށި މިހާރު ހިހޫވަނީ، އަވަހަށް ހިނގާ، ކީއްވެތަ ގަމީސްނުލީ” އިބާ، ޒުކަންގެ މޭގައި ފިރުމާލަމުން އަހާލިއެވެ.
“ކަމެއްނުވޭ، މިގަޑީގައި ހިތަށް އެރީ ޓީޝާޓެކޭލާނީ” ޒުކަން ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލާފައި އިބާ އާއިއެކު ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.
ރޭގަނޑުގެ ވަގުތެވެ. ސިޓިން ރޫމުގައި ހުޅުވާފައި ހުރި ޓީވީއިން އިނގިރޭސި ފިލްމެއް ދައްކަމުން ދިޔައެވެ. ސޯފާގައި ދަރިފުޅު ގޮވައިގެން އިބާ އިންއިރު އޭނާ އާއި ޖެހިގެން ކަހަލަ ގޮތަކަށް ޒުކަން އިނެވެ. ތަހުމީނާ އޭރު އިޝާނަމާދުކޮށްގެން ކޮޓަރިން ނުނިކުމެވެ. އިބާ އިނީ ފިލްމަށް ގެއްލިފައެވެ.
“ޒުކަން، އަހަންނަށް މި ފިލްމު ހޯދާ ދީބަލަ، ވަރަށް ރޮމޭންޓިކު ފިލްމެއް، ވަރަށް ދެރަވެސްވޭ، އަދި އެއްފަހަރު ބަލާލަން ބޭނުން” އިބާ ފިލްމުގެ ތެރެއަށް ގެއްލިފައި އިނދެ ބުނެލިއެވެ. އުނގުގައި އިން ދަރިފުޅުވެސް އިނީ ޓީވީއަށް ގެއްލިފައެވެ.
ސޯފާއަށް ހަށިގަނޑު ދޫކޮށްލައިގެން ކަނދުރާގެ ވާގިދޫކޮށްލާ މައްޗަށް ބަލަހައްޓައިގެން އޮތް ޒުކަން ޓީވީ އާއި ދިމާލަށް ބަލާލިއެވެ. ފެންނަމުންދިޔަ މަންޒަރުން އޭނާގެ ބޮލަށް ތޫނު ތަދެއް އިޙްސާސް ކުރެވިގެން ދިޔައެވެ. ވެހެމުންދިޔަ ވާރޭގެ ތެރޭގައި ދެލޯބިވެރިން އެކަކު އަނެކަކުގެ އަތުގެތެރޭގައި ތެމި ފޯވަމުންދިޔައެވެ. ސިކުނޑީގައި ޖަހާލި ވިންދާއިއެކު ޒުކަންގެ ލޯކުރިމަތީގައި މާޒީގެ މަންޒަރުތައް އެނބުރެން ފެށިއެވެ. ނިތްކުރީގައި އަތްހާކާލި ގޮތަށް ކުއްލިއަކަށް ޒުކަންއަށް ފުންމައިގެން ތެދުވެވުނެވެ. އިބާ ހައިރާންވެފައި ޒުކަންއަށް ބަލާލިއެވެ. ޒުކަންނަށް ވާގޮތެއް އެއްގޮތަކަށްވެސް އޭނާއަކަށް ނޭނގުނެވެ.
“ޒުކަން، ކިހިހިނެއްވީ، ބޮލުގަ ރިއްސަނީތަ، ހާދަ އެހެންގޮތަކަށޭ ތިއުޅެނީ، ވާގޮތެއް އަހަރެންގާތުވެސް ބުނެބަލަ، ތިހެން އުޅުނީމަ އަހަރެން ވަރަށް ހާސްވެ ބިރުގަނޭ” ކަންބޮޑުވެފައި އިން އިބާ ޒުކަންއަށް ބަލަން އިނދެ ބުނެލިއެވެ.
“ފާޑަކަށް ބޮލުގަ ރިއްސަނީ، އަހަރެން ނިދާލަން މިދަނީ، ތަންކޮޅެއް ފަހުން ތެދުވެ ކާނީ، އިބާ ނިދަންވާއިރަށް އަހަންނަށް ނުހޭލެވިޖެއްޔާ އިބާ ނިދާ އިނގޭ، އަހަރެން ހޭލާފައި އިބާއަށް ގޮވާލާނަން” ޒުކަން އޭނާގެ ނަފްސު ކޮންޓްރޯލު ކުރަމުން ވާހަކަދެއްކިއެވެ.
“އާން! ދޭ ނިދާލަން، ބޭސް ހުންނާނެ ސައިޑްޓޭބަލްގެ ވަތްގަނޑުގައި، ބޭސްކާލައިގެން ނިދާލާ، އޭރުން ހޭލަންވާއިރަށް ހަމަޖެހިދާނެ” އިބާ އޯގާތެރިކަމާއިއެކު ބުނެލިއެވެ.
ކޮޓަރިއަށް އައިސް ވަން ޒުކަން އެނދުގައި އިށީނދެލައިގެން ފިކުރުގެ ތެރެއަށް ގެއްލިފައި އިނެވެ. މާޒީގެ އެރޭމަތިން އޭނާއަށް ހަނދާންކުރުވަންވީ ކީއްވެބާއޭ ހިތަށް އަރަމުންދިޔައެވެ. ދިރިއުޅުމުގައި އެންމެ އުފާވެރި ހިސާބަށް އާދެވުނު ދުވަހު އަލުން އެހަނދާންތައް އާވާނޭ ފަދަ ކަންތައްތައް އޭނާ އާއި ކުރިމަތި މިވަނީ އިއްތިފާގަކުން ކަމާއިމެދުވެސް ސުވާލުއުފެދިފައި ވެއެވެ. އެކަމަކު އެރޭގެ އެއްވެސް ކަމެއް ޒުކަންއަށް ފިޔަވާ އިތުރު އެއްވެސް މީހަކަށް ނޭނގޭނެއެވެ. ޒުކަންގެ ހިތްބާރަށް ތެޅެންފެށިއެވެ.
ހާސްކަން ޒުކަންގެ ސިކުނޑިއަށް ފިއްތަމުންދިޔައެވެ. އެނދުގައި ހަށިގަނޑު ދަމާލިނަމަވެސް ނިތުގައި އަތްބާއްވާލެވުނެވެ. ދެލޯ މަރާލާފައި ކުއްލިއަކަށް ހުޅުވާލާގޮތުން ހީވަނީ އޭނާ ދެލޯ މަރަންވެސް ބިރުގަންނަނީހެންނެވެ. އެހާ ފުންމިނުގައި ސިކުނޑީގައި މާޒީގެ އެންމެ ރެއެއްގެ ހާދިސާ ބިންވަޅުނެގިގެން ހިނގައިދާނެކަމަށް އުންމީދުކުރެވިފައި ނެތަސް އެހަނދާންތަކާއި ވަކިވުމެއް ޒުކަންއަކަށް ނެތެވެ. ވަށައިގެންވާ ހުރިހާކަމެއްހެން އޭނާއަށް އެރޭގެ އިޙުސާސްތައް އާލާކޮށްދޭން މަސައްކަތްކުރާ ކަހަލައެވެ. އެރޭ ޒުކަންގެ ހަޔާތަށް ކުޑަކުޑަހިނދުކޮޅަކަށް އައި މެހެމާނެއްފަދަ ރީތި އަންހެން ކުއްޖާ އާއިމެދު ސުވާލު އުފެއްދުމަށް މަޖުބޫރުކުރުވާކަހަލައެވެ. ފުންނޭވާއެއް ބޭރުކޮށްލުމާއިއެކު ޒުކަން އަރިމަތީ އޮތް ބާލީސް ގެނެސް މެޔާއިލާ ބޮނޑިކޮށްލުމާއިއެކު އެއްފަރާތަކަށް އެނބުރުނެވެ. މަރާލި ދެލޮލުގެ ތެރެއިން އެރީތި ކުޑަކުޑަ މޫނު ސިފަވެގެން ދިޔަނަމަވެސް މިފަހަރު ޒުކަން ލޮލެއް ނުހުޅުވިއެވެ. އެޚިޔާލުތަކާއި ދެކޮޅުހެދުމުގެ ބަދަލުގައި އޭގެތެރެއަށް ގެނބިގެން ދިއުމަށް ޒުކަން ބޭނުންވީ ކީއްވެކަމެއް ނޭނގެއެވެ.
* * * *
ރޭގަނޑުގެ ކެއުމުގައި ބައިވެރިވުމަށް މޭޒުދޮށުގައި ނާވީގެ ޢާއިލާގެ ހުރިހާ މެންބަރުން ތިބިއިރު އެތަނަށް އިތުރުވެފައި އިން މެންބަރަކީ ޖިޔާއެވެ. ފުއާދު ސިއްރުން ޖިޔާ އާއި ނާވީއަށް ބަލަމުންދިޔައެވެ. އެދެކުދިންގެ ގާތްކަން ފެނި ނާވީ، ޖިޔާ އެގެއަށް އެގެނައީ ކީއްކުރަންކަން މީހަކު ނުބުންޏަސް ފުއާދުގެ ސިކުނޑިއަށް ނަގައިގަނެވުނެވެ. އަދި ނާވީއަށް ޖިޔާ ޚާއްޞަވެފައިވާކަންވެސް ފުއާދަށް އެނގެއެވެ. ޖިޔާގެ ހަރަކާތްތައް ހުރި ގޮތަށާއި އޭނާ ވާހަކަދައްކާ ގޮތަށް ވަރަށް ސަމާލުކަމެއް ފުއާދަށް ދެވުނީ އެހެންވެއެވެ. ނާވީ އާއި ސުވާލެއް ކުރަން ފުއާދު ބޭނުންނުވަނީ، ނާވީ އަމިއްލައަށް ފުއާދާއި ހަމައަށް ޖިޔާގެ ވާހަކަ ގެންނާނެކަން ޔަޤީންވާލެއް ބޮޑުކަމުންނެވެ. އޭނާ އާއި ނާވީ އާއި ދެމެދު މާގާތް ގުޅުންތަކެއް ނެތަސް ފުއާދަށް އޭނާގެ ފިރިހެން ދަރިފުޅު ވަރަށް ރަނގަޅަށް އެނގެއެވެ.
ނުހާ، ޖިޔާގެ ގާތުން ވަރަށް ގިނަ މަޢުލޫމާތު އޮޅުންފިލުވިއެވެ. އެގޮތުން ޖިޔާ އާއި ރިހާމުގެ ކައިވެންޏާ ބެހޭގޮތުންނެވެ. ކައިވެންޏަށް ވީ ދުވަހާއި ދަރިފުޅުގެ އުމުރު އޮޅުންފިލުވިއެވެ. އަދި ރިހާމަކީ ކީއްކުރާ މީހެއްތޯ އާއި އޭނާ މިހާރު ކޮބާތޯ ކޮންތާކުތޯވީ އަހާ އޮޅުންފިލުވިއެވެ. ދަރިފުޅު ދެކިލަން އޭނާގެ ބައްޕަ ނާދޭތޯ އާއި ދަރިފުޅުގެ ޚަރަދު ބަލަހައްޓަނީ ކާކުތޯވެސް އެނގެން ނުހާ ބޭނުންވިއެވެ. ޖަވާބުދޭން ދަތިވިޔަސް ޖިޔާ، ނުހާގެ ހިތްހަމަޖެހުމަށްޓަކައި ހުރިހާ ސުވާލަކަށް ޖަވާބުދިނެވެ. ނަމަވެސް އޭނާއަށް ހަޤީޤަތާ ކުރިމަތިލާކަށް ނުކެރުނެވެ. ހުރިހާ ސުވާލަކަށް ޖަވާބު ދިންނަމަވެސް އިޝްވާ އާއި ގުޅިގެން އަންނަ ކޮންމެ ސުވާލަކަށް އޭނާއަށް ދޮގެއް ހަދަން މަޖުބޫރުވިއެވެ.
ކައިނިމިގެން ނާވީ އެދުނީ ޖިޔާ އޭނާ އާއިއެކު އޭނާގެ ކޮޓަރިއަށް އައުމަށެވެ. ނުހާ އާއި ފުއާދު ސިޓިން ރޫމުގައި މަޑުކޮށްލައިގެން ތިއްބެވެ. ލަދުން ހުރެވެސް ޖިޔާ، ނާވީގެ ފަހަތުން ހިނގައިގަތެވެ. އެދެކުދިން ލޯމައްޗަށް ގެއްލުމާއިއެކު ފުއާދު ބަލާލީ ނުހާއަށެވެ. ފުއާދުގެ އެބަލާލުމުންވެސް ނުހާއަށް އެއްޗެއް އެނގިގެން ދިޔަ ކަހަލައެވެ. ވަގުތުން ވާހަކަދައްކަން ފެށިއެވެ.
“ހީވަނީ ވަރަށް ރަނގަޅު ކުއްޖެއްހެން، އެކަމަކު ހާދަ ކުޑައިރުގައޭ މީހަކާ އިނދެ ދަރިއަކު އެލިބުނީ، އަނެއްކާ ކިޔަވައިގެންވެސް ހުރި ކުއްޖެއް، ނާވީ ކުރިންވެސް ބުނި ވަރަށް ދެރަކޮށް ހިނގިކަމެކޭ ޖިޔާގެ ކައިވެންޏަކީ” ނުހާ މިހެން ބުނެ ފުއާދަށް ބަލާލިއެވެ.
“ބައްޕައަށްވެސް ހީވޭ ރަނގަޅު ކުއްޖެއްހެން، އެކަމަކު ނާވީ ކީއްވެބާ ހުސްހަށިބަޔަށް ހުރި ކުއްޖަކު ހިޔާރުނުކުރީ” ފުއާދު، ނާވީ ދިޔަ ދިމާލަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ.
“ބައްޕާ، އެއީ މައްސަލައެއް ނޫންކަންނޭނގެ، ދެމީހުން އެކުގައި އުޅެން ބޭނުންވަންޏާ ދަރިއަކު ހުރުމަކުން އަދި އެކައިވެނި ނުކުރެވެންވީ ސަބަބެއްނެތް، އަހަންނަކީވެސް ދަރިއަކު ހުރި އަންހެނެއް، އެކަމަކު ގާތުގައި ފިރިއަކުނެތް، އަހަންނަށް ޤަބޫލުކުރެވުނު ގޮތުގައި މީހުންނާ އިނދެ ދަރިންލިބުނީމާ، ދެން އަލުން އިންނާނޭ މީހަކު ނުވާނެ، އެކަމަކު ނާވީގެ ވިސްނުން ކިހާ ރަނގަޅު، ލޯބިވާ މީހަކު ހުރިއްޔާ، އޭނާ އާއިއެކު އުޅެވޭނޭ މަގުފަހިވެފައި އޮތިއްޔާ، ނީނދެ ލަސްކުރަންވީ ކީއްކުރަން، ދަރިފުޅު އެހާ ކުޑަވީމަ އަދި ވަކިން ފަސޭހަވާނެ އެދިރިއުޅުމުގެ ތެރެއަށް އެކުއްޖާ ހޭނެންވެސް، ނާވީއަށް ފުރަތަމަ ފެނުނީ ޖިޔާ، އޭގެ ފަހުގައި އޭނާގެ ދަރިފުޅު… އެކަމަކު ދަރިފުޅާ މަންމަ އާއި ވަކިކޮށްލާނީ ކިހިނެއް، ޤަބޫލުކުރަންޖެހޭނީ އެދެމެއިން އެކުގައި، އެހާ ޅައުމުރުގައި އަލުން ކައިވެނި ނުކޮށް ހުރިމަކީވެސް ރަނގަޅުކަމެއްނޫން، ޖިޔާގެ ނަސީބު ވަރަށް ގަދަ، އެހެންވީމަތާ އޭނާއަށް އަހަރުމެންގެ ނާވީ އެލިބުނީ” ނުހާގެ ލޮލުން އޭނާގެ ދިރިއުޅުމުގެ ހުސްކަން ފުއާދަށް ފެނިގެންދިޔައެވެ.
“ދަރިފުޅުވެސް އަލުން މީހަކާ އިންނަންވީނު، ބައްޕަގެ އެއްވެސް މައްސަލައެއްނެތް، ބައްޕަ ބޭނުންވަނީ ތިޔައިގެ ދެކުދިން ހަމަޖެހޭ ދިރިއުޅުމެއް އުޅޭތަން ދެކެން، ނާވީ އިންނާނެ މީހަކު އެނގޭނީ ނާވީއަށް، ދަރިއަކު ހުއްޓަސް ރަނގަޅު ކުއްޖެއްވެއްޖެއްޔާ ބައްޕަގެ މައްސަލައެއްނެތް، އެވަރު ދެނެގަންނަންވާނީ ދަރިފުޅުމެން އަމިއްލައަށް، ބައްޕަ ބޭނުން، ނުހާވެސް އަލުން މީހަކާ އިނދެގެން އުޅޭތަން ދެކެން، އެކަމަކު އެވާހަކަ މީގެ ކުރިން ދައްކަން ނުކެރުނީ ޒިޔާފުގެ ބައްޕަ މަތިން ހަނދާންނައްތާލާށޭ ބައްޕައަށް ބުނެވެނީހެން ދަރިފުޅަށް ހީވެދާނެތީ، އަބަދު ހިތާމަކުރުމެއްނުވޭ، އުފާވެރިކަމާއި ހިތްހަމަޖެހުމަކީ ހަމަ ކޮންމެ މީހެއްގެވެސް ހައްޤެއް، އެކަމަށް އެދި މަސައްކަތްކުރުމަކީވެސް އޮންނަކަމެއް، ޔަގީނުންވެސް ބައްޕަ ފާޑެއް ނުކިޔާނަން” ފުއާދު، ނުހާގެ ކޮނޑުގައި މަޑުމަޑުން ފިރުމާލިއެވެ.
“ނާވީގެ ކައިވެންޏަށް އަވަހަށް ތައްޔާރުވާންވީ، ފިރިހެންކުއްޖެއް ކަމަކު އޭނާ އެގަންނަ ލަދެއް، ޔަގީން ބައްޕަ ގާތު މިއިން އެއްވެސް ވާހަކައެއް ސީދާ ބުނާކަށް އޭނާއަކަށް ނުކެރޭނެ، އަހަރެން ގާތުވެސް ބުނެވުނީ ހާދަ ވަރަކުންނޭ” ފުއާދު ދެރަވިގެން ހީވެގެން އަވަސް އަވަހަށް ސަމާލުކަން ނާވީއަށް ހުއްޓާލަން ނުހާ ބޭނުންވިއެވެ. އޭނާ މިހެން ބުނުމުން ފުއާދުގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ.
“އެނގިދާނެ އުޅޭގޮތެއް، ބައްޕަ އެނގޭކަމަށްވެސް ނުހަދާނަން” ފުއާދުވެސް ހިނިތުންވެލާފައި ސަމާސާ ރާގެއްގައި ބުނެލިއެވެ.
ނާވީގެ ކޮޓަރި ތެރެއަށް ވަށައިގެން ޖިޔާ ނަޒަރު ހިންގާލިއެވެ. އަދި ކޮޓަރީގެ މެދެއްހާ ހިސާބުގައި މަޑުކޮށްލައިގެން ހުރިއިރު އޭނާ ހުރީ ކޮންމެވެސް ވަރަކަށް ހާސްވެފައެވެ. ނާވީ އާއިއެކު ބަންދު ކޮޓަރިއެއްގެ ތެރޭގައި އެކަނިވި ފުރަތަމަފަހަރު ކަމަށްވީތީއެވެ. ނާވީ ވަރަށް ހަމަޖެހިލާފައި ބެލްކަންޏާއި ދިމާލަށް ހިނގައިގަތެވެ. ޖިޔާ އަންނަހެން ހީނުވުމުން އޭނާ ފަހަތަށް ބަލާލިއެވެ.
“ކިހިނެއްވީ، އަހަރެން ނޫޅެން ޖިޔާ ތިހާ ހާސްވާވަރުގެ ކަމެއްކުރާކަށް، އާދެބަލަ ބެލްކަންޏަށް، މިގަޑީގައި ވަރަށް އަރާމު ވައިއެބަޖެހޭ” ނާވީ ހީނލާފައި މިހެން ބުނުމުން ޖިޔާ އޭނާ އާއިއެކު ބެލްކަންޏަށް ނުކުތެވެ.
“އެނގޭތަ، އަހަންނަށް އެންމެ ފުރަތަމަ ޖިޔާ ފާހަގަކުރެވުނީ މިތާގައި ހުއްޓަ، ބޯކޮށް ވެހެމުންދިޔަ ވާރޭގައި ޖިޔާ އެޕާކުގައި އިންނާތީ” ނާވީ ކުރިމަތިން ކަހަލަ ގޮތަކަށް ފެންނަން އޮތް ހިޔާ ޕާކަށް އިޝާރާތްކޮށްލަމުން ބުންޏެވެ. އެއީ ތެދެއްކަން ޖިޔާއަށް އެނގުނެވެ. އެބެލްކަނީގައި ހުންނައިރު އެޕާކުތެރެ ކޮންމެވެސް ވަރަކަށް ފެނެއެވެ.
ފިނިފިނި ވައިރޯޅިތަކާއިއެކު ޖިޔާގެ ދެކޯތާ ފަތާއި ދެއަތްތިލަ ގަނޑުފެންކޮޅެއްހާ ފިނިކޮށްލައިފިއެވެ. މަޑުމަޑުން މެޔާއި ދިމާލުން ދެއަތްހުރަސްކޮށް ހަށިގަނޑު ހޫނުކޮށްލަން ޖިޔާ މަސައްކަތް ކުރިއެވެ. އެކަން ނާވީއަށް ފާހަގަކުރެވުނެވެ. ނަމަވެސް ޖިޔާގެ ގައިގާ އަތްލާކަށް އޭނާއަކަށް ނުކެރުނެވެ. ފަހަތުން އައިސް އޭނާގެ އަތުގެތެރެއަށް ޖިޔާލާން ވަރަށް ބޭނުންވިއެވެ. ނަމަވެސް ބަލަހައްޓައިގެން ހުރެވުނީއެވެ.
“ހިނގާ އެތެރެއަށް” ޖިޔާ މިހެން ބުނެލުމުން ހުއްޓުން އަރާފައި ހުރި ނާވީއަށް ދިރުންލިބިގެން ދިޔަކަހަލައެވެ. އަވަސް އަވަހަށް ބޯޖަހާލަމުން ހިނިތުންވެލިއެވެ. އަދި ޖިޔާ އާއިއެކު ކޮޓަރިތެރެއަށް ވަނެވެ. އަދިވެސް ދެމީހުންގެ މެދުގައި ބުނެދޭންނޭނގޭ ހަމަހިމޭންކަމެއް ވެރިވެފައިވެއެވެ. ނާވީ އެނދުގެ އެއްފަރާތުގައި އިށީނުމުން، ޖިޔާ ވެސް އިށީނެވެ. އެހެންނަމަވެސް އޭނާ އިށީނީ ނާވީ އާއި ތަންކޮޅެއް ދުރުގައެވެ. ނާވީ އަތްދަމާލިސް އަތްނުފޯރާހާ ދުރުގައެވެ.
“ވާހަކައެއް ބުނަންތަ” ޖިޔާ މަޑުމަޑުން ބުނެލިއެވެ.
“ބުނެފިއްޔާ އަޑުއަހާނަން” ނާވީ ސަމާސާ ގޮތަކަށް ބުނެލިއެވެ.
“އަހަރެންގެ ހަޤީޤަތް ނާވީއަށް އެނގޭއިރު ކީއްވެ އަހަންނާ އިންނަން ބޭނުންވަނީ، އަހަރެން ބޭވަފާތެރިވެދާނެއޭ ހިތަކަށް ނާރާތަ” ހިތަށް ވަރަށް އުނދަގޫވެފައި އިނދެ ޖިޔާ ބުނެލިއެވެ.
“ތިބުނަން އުޅެނީ އިޝްވާގެ ވާހަކަތަ، އެވާހަކަ އަހަންނަށް ކިޔާދިނީތީ އަހަރެން އުފާވި، ޖިޔާ އަހަންނަށް އެއްވެސް ކަމެއް އޮޅުވާނުލާނެކަން އަހަންނަށް އެނގޭ، އިންސާނުންނަށްވީތީ މިސްޓޭކް ހެދޭނެ، އަބަދު އެމިސްޓޭކުގެ ވާހަކަދައްކާނަމަ ދުވަހަކުވެސް ކުރިއަށް ދާނޭގޮތެއް ނުފެންނާނެ، ޖިޔާ އެންމެ ޕާފެކްޓުމީހާއަށް ވާކަށްވެސް ނުޖެހޭ، ޚުދު އަހަންނަކީވެސް ޕާފެކްޓު މީހެއްނޫން، ކޮންމެ މީހެއްގެވެސް އުނި ސިފަތަކެއް ހުންނާނެ، ކުށްކުރެވުމުން އެއީ ކުށެއްކަން ދެނެގަނެ އަލުން އެކުށްތަކުރާރު ނުކުރުމަކީ ރަނގަޅު މީހުންގެ ސިފައެއް، އަހަންނަށް ޖިޔާގެ ތި މަޑުމައިތިރިކަން ވަރަށް ކަމުދޭ، މާޝާﷲ، ތިހާ ރީތި ދެލޮލެއް އަދި ދުވަހަކުވެސް ނުދެކެން، ޖިޔާ… އަހަރެން އެއްޗެއް އަހާލަންތަ” ނާވީ މަޑުމަޑުން ޖިޔާ އާއި ގާތަށް ޖެހިލިއެވެ. ޖިޔާ ހޫންލައްވާލުމުން އަނެއްކާވެސް ކުރިއަށްވުރެ ގާތަށް ނާވީ ޖެހިލައިފިއެވެ.
“ޖިޔާ އަހަރެންދެކެ ލޯބިވޭތަ” ނާވީ މިހެންބުނެ ޖިޔާގެ މޫނަށް ބަލަންއިންއިރު އޭނާއަށް އެސުވާލުގެ ޖަވާބު އެނގޭކަހަލައެވެ. ޖިޔާ އެއްވެސް އެއްޗެއް ނުބުނެ އިސްޖަހާލައިގެން އިނެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނީއެވެ. ނުހާ ގާތު ނާވީ އާއި އިންނަން އުޅެނީ ލޯބިވާތީ ކަމަށް ބުންޏަސް ނާވީ އެސުވާލު ކުރުމުން ޖިޔާއަށް ޖަވާބުދޭން އުނދަގޫވިއެވެ. އެއްވެސް ކަމެއް ނާވީއަށް އޮޅުވާލާކަށް އޭނާ ބޭނުމެއްނޫނެވެ.
“ތެންކިއު…” ނާވީ ހިނިތުންވެލަމުން މިހެން ބުނެލުމުން ހައިރާންވެފައި ޖިޔާއަށް ނާވީގެ މޫނަށް ބަލާލެވުނެވެ.
“ސޮރީ…އަހަރެން…” ޖިޔާ ވާހަކަދައްކަން އުޅުމުން ނާވީ އޭނާގެ އަތުގައި ހިފާލިއެވެ.
“އިޓްސް އޯކޭ… އެއީ އެއްވެސް މައްސަލައެއްނޫން، އަހަރެން ލޯބިވާގޮތަށް ޖިޔާ ލޯބިވާކަށް މަޖުބޫރެއްނޫންތާ، އެކަމަކު އަހަންނަށް އެނގޭ ޖިޔާ އަހަރެންދެކެ ލޯބިވާނެކަން، ކޮންމެވެސް ދުވަހަކުން އަހަރެން ތިހިތް އަތުލާނަން، އަހަރެން އިންތިޒާރުކުރާނަން، އަބަދުވެސް އިންތިޒާރު ކުރާނަން، ޖިޔާގެ ދުލުން ލޯބިވާ ވާހަކަ ބުނާނެ ދުވަހަކަށް” ނާވީ ލޯބިން އޭނާގެ އަތުގެތެރޭގައި އޮތް ޖިޔާގެ އަތްތިލައިގައި ފިރުމާލިއެވެ.
“އަހަރެން ބޭނުން ނާވީ އާއި ކައިވެނިކުރަން، މީ އަހަރެންގެ އަމިއްލަ ނިންމުމެއް، އަހަންނަށް އެނގޭ ތިގޮތަށް އަހަރެންދެކެ ލޯބިވާނޭ ދެވަނަ މީހަކު ނުހުންނާނެކަން” ފެންކަޅިވެގެންދިޔަ ޖިޔާ، އޭނާގެ އަތްތިލަ މަތީ ބާއްވާލާފައި އޮތް ނާވީގެ އަތްތިލައިގައި ޖިޔާގެ އަނެއްއަތް އަޅާ ބާރުކޮށްލިއެވެ. ނާވީ އޭނާގެ ދެއަތްތިލައިގެ ތެރޭ ޖިޔާގެ ދެއަތްތިލަ ފޮރުވާލުމާއިއެކު ޖިޔާގެ ނިތުގައި ބޮސްދިނެވެ. ދެލޯމަރާލައިގެން އިން ޖިޔާގެ ލޮލުން ކަރުނަ ފޭދިގެންދިޔައެވެ.
“އަހަރެން ޖިޔާ ނޫން މީހަކާ ނީންނާނަން، ތިހެން ދެރަވެފައި ނުހުރެބަލަ” ނާވީ، ޖިޔާގެ ކޯތާފަތުގައި ހިފާ މައްޗަށް މޫނު އުފުލާލަމުން ބުންޏެވެ.
“އަހަރެން ބޭނުމެއްނޫން އިތުރަށް އެއްވެސް ބަޔަކަށް އިޝްވާގެ ހަޤީޤަތް އޮޅުވާލާކަށް، އެކަމަކު… އެކަމަކު ނާވީގެ ދައްތަ އަހަރެން ގާތު އެހި އިޝްވާގެ ބައްޕަ ކޮބާތޯ… އެސުވާލަށް އަހަންނަސް ޖަވާބުވެސް ދެވިއްޖެ…” ކަންބޮޑުވެފައި އިންފަދަ ގޮތަކަށް ޖިޔާ ބުނެލިއެވެ.
“އެކަމާ ދެން ނުވިސްނާ، ރަނގަޅު ވަގުތަކުން އަހަރެން ހުރިހާ އެއްޗެއް ދޮންތައަށް ކިޔާދޭނަން، އަހަރެން ބުނާނަން ޖިޔާ ގާތު ކައިވެނިކުރަން އެހިއިރުވެސް ޖިޔާގެ ހުރިހާ ކަމެއް އަހަންނަށް އެނގެޔޭ، މިހާރުމީ އެވާހަކަތައް ކިޔައިދޭން އެންމެ ރަނގަޅު ވަގުތެއްވެސް ނޫން، އެހެންވީމަ ފަހުން ރަނގަޅު ވަގުތެއް ހޯދާނީ، ޖިޔާ، މިމަހުގައި ދެން ބާކީ އޮތީ ދެހަފްތާވަރު، އެހެންވީމަ މި ފެށޭ މަހުގެ ދުވަހެއްގައި އަހަރުމެންގެ ކައިވެނި ކުރާގޮތަށް ހަމަޖެއްސިއަސް އެންމެ ރަނގަޅުތަ” ނާވީ މިހެން ބުނުމުން ޖިޔާ ހިތްހަމަޖެހުނެވެ. ޖިޔާ އެހާ ހާސްވެކަންބޮޑުވާއިރުވެސް ނާވީގެ ވާހަކަތައް ހުންނަގޮތުން އޭނާއަކީ ކުށްވެރިއެއްކަމަކަށް އިޙުސާސެއްނުކުރެވެއެވެ. ހިތަށް ހަމަޖެހުން ލިބިގެންދެއެވެ.
ޝާކިރާ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓައި ސިޓިން ރޫމު ދޮރުން އިޝްވާ އުރާލައިގެން ހުރެ ޖިޔާ ވަނެވެ. އަދި ހުޅުވިފައި ހުރި ދޮރުގައި ހިފާއްޓާލައިގެން ނާވީ ހުއްޓައި ޝާކިރާއަށް ފެނުނެވެ.
“ކުޑަކުދިން ގޮވައިގެން އެހާ ލަސްވަންދެން ބޭރުގައި އުޅޭކަށް ނުވާނެކަން ޖިޔާ ގާތު އަހަރެން ނުބުންނަންތަ” ޝާކިރާ، ނާވީއަށް އަޑުއިވޭނޭ ވަރަށް ބުނެލިއެވެ. އެއާއިއެކު އަތުގައި އޮތް ފޯނުން ޖިޔާ ގަޑި ބަލާލިއެވެ. ދިހައެއްވެސް އޭރު އަދި ނުޖަހައެވެ. ޝާކިރާ ކަންތައްބޮޑުކޮށްލަނީކަން ޖިޔާއަށް އެނގުނެވެ. އެހެންވެ އަވަސް އަވަހަށް ދޮރުމަތީ މަޑުކޮށްލައިގެން ހުރި ނާވީއަށް ބަލާލިއެވެ.
“ގުޑްނައިޓް” ނާވީ ފޮނުވާލަން ޖިޔާ ބުނެލިއެވެ.
“ފަހުން އަހަންނަށް ގުޅައްޗޭ” ނާވީ މިހެން ބުނުމުން ޖިޔާ ބޮލުން އިޝާރާތްކޮށްލީ އާނއެކޭ ބުނުމަށެވެ. އަދި ނާވީ ދާން ހިނގައިގަތުމުން އަވަސް އަވަހަށް ދޮރުލެއްޕިއެވެ.
“ނާވީއަށް އަޑުއިއްވަންތަ މަންމަ ތިހަޅޭލަވަނީ” ދޮރުލައްޕާލާފައި ޝާކިރާ އާއި ދިމާލަށް އެނބުރުނު ގޮތަށް ޖިޔާ ބުނެލިއެވެ. އަދި ހިތްހަމަނުޖެހިފައި ބާރުބާރަށް ހިނގާލާފައި އައިސް އޭނާގެ ކޮޓަރިއަށް ވަނެވެ.
އޭގެ އިރުގަނޑެއްފަހުން ޝާކިރާ އައިސް ޖިޔާގެ ކޮޓަރީގައި ޓަކި ޖަހާލިއެވެ. އެހިނދު ވަންނާށޭ ޖިޔާ ބުނެލުމާއިއެކު ދޮރު ހުޅުވާލާފައި ޝާކިރާ އެތެރެއަށް ވަދެއްޖެއެވެ.
“މަންމަ ވާހަކައެއް ދައްކާލަންވެގެން” ޝާކިރާ މަޑުމައިތިރި ކަމާއިއެކު ބުންޏެވެ.
“އާދޭ އިށީންނަން” ޖިޔާ އެނދުމައްޗަށް އިޝާރާތްކޮށްލަމުން ބުންޏެވެ. އޭރު އިޝްވާ އެނދުމަތީ ކުޅޭއެއްޗެއް އަނގަޔަށް ލަމުން ވަރަށް ހަރަކާތްތެރިވެފައި އިޅެއެވެ. މާމަ ދަރިފުޅަށް ބަލާލާފައި ޝާކިރާ އެކުއްޖާގެ އަތުގައި ކޮށްޓާލަމުން ޖިޔާއަށް ބަލާލިއެވެ.
“ދަރިފުޅު އޭނާޔާ ތިއިންނަން ނިންމީ ވަރަށް ވިސްނާފަތަ” ޝާކިރާ އަހާލިއެވެ.
“އާން މަންމާ، ނާވީއަކީ ރަނގަޅު މީހެއް” ޖިޔާ ބުނެލިއެވެ.
“ޒުހާ ބުނި ޖިޔާ ތިޔައީ އެގެއަށް ގޮސްފައޭ، އެގޭ މީހުން ކިހިނެއްތަ” ޝާކިރާ އޮޅުންފިލުވަން ބޭނުންވީ ނާވީގެ ޢާއިލާ އާއި ބެހޭގޮތުންނެވެ. ޖިޔާ، ހުރިހާ ވާހަކައެއް ޝާކިރާއަށް ކިޔައިދިނެވެ. ނާވީގެ ޢާއިލާގެ ހިތްހެޔޮކަމެވެ. ޝާކިރާ އެކަމާ ހިތްހަމަޖެހުނެވެ.
“ދަރިފުޅު ކައިވެނިކޮށްގެން މިގޭގައި އުޅެންވީނު” ޝާކިރާ މިފަހަރު އޭނާ އާއި ދަރިފުޅު ވަކިވެގެން ދާން ބޭނުންނުވާ ކަހަލައެވެ. ނަމަވެސް އެކަމާ ޖިޔާ އެއްބަހެއް ނުވިއެވެ. އޭނާ ނާވީއަށް އެއްވެސް ކަމަކަށް މުޖުބޫރުކުރުވާކަށް ބޭނުމެއްނޫނެވެ. ނާވީއަށް އޭނާގެ ޢާއިލާ އަކާއި ވަތްކެއްނުވެވޭނެކަން ޖިޔާއަށް އެނގެއެވެ. އޭނާއަކީ އެޢާއިލާއަށް ކިހާ މުހިންމު މީހެއްކަން ޖިޔާއަށް މިރޭ އެނގިއްޖެއެވެ. ކައިވެންނާ ބެހޭގޮތުން ނާވީ ދެއްކި ވާހަކަތައް ޝާކިރާއަށް ޖިޔާ ކިޔައިދިނެވެ.
“މަންމައަށް މާފުކުރާނަންތަ” ޝާކިރާ ކުއްލިއަކަށް އަހާލިއެވެ.
“މަންމާ، ކޮންކަމަކަށް، މަންމަ މާފަށްއެދެނީ ކީއްވެ” ޖިޔާއަށް ޝާކިރާގެ ފަރާތުން އެފަދަ މަޑުމައިތިރިކަމާއި މޮޅިވެރިކަން ފެނުމުން ހިތަށް އުނދަގޫވެއެވެ.
“ދަރިފުޅު ނުޤަބޫލުއިރުގަވެސް އެހާ ވަރަށް ރިހާމު އާއި ގުޅުވަން އުޅުނީމަ، ދަރިފުޅު ބޭނުންވިގޮތަށްވުރެ މަންމަ ބޭނުންވި ގޮތް އިސްކުރެވުނީތީ” ޝާކިރާ، ޖިޔާއަށް ބަލާލަމުން ބުންޏެވެ.
“އެކަން އެ ނިމުނީ، އަހަރެން މިއުޅެނީ އެހެންމީހަކާ ކައިވެނިކުރަން، މަންމަގެ އެއްބާރުލުން އަހަންނަށް ބޭނުންވަނީ، އަހަރެން މަންމައަށް މާފުކުރަން، އެއީ އެދުވަހަކު އަހަރުމެންނަށް ކަންތައް މިންވަރުކުރެއްވިގޮތް، އެކަމަކު މަންމަ ނުވާނެ ދެން އަހަރެން ގާތުގައި ރިހާމުގެ ވާހަކައެއްގޮތަކަށްވެސް ދައްކައިގެން، މަންމަވާނެ ނާވީވެސް ބަލައިގަންނަން، އޭނާ މަޑުމަޑުން ހުއްޓަސް އޭނާއަކީ ވަރަށް އަޙުލާގު ރަނގަޅު މީހެއް” ޖިޔާ އުންމީދުގެ ނަޒަރަކުން ޝާކިރާއަށް ބަލަންއިނެވެ.
“މިއަދުން ފެށިގެން މަންމަ މިތައްޔާރުވަނީ ދަރިފުޅުގެ ކައިވެންޏަށް” ޝާކިރާ ހިނިތުންވެލިއެވެ.
* * * *
ބޭއިޙްތިޔާރުގައި ޒުކަންއަށް ހިނިތުންވެލެވުނެވެ. އޮފީހުގެ ގޮނޑިއަށް ހަށިގަނޑު ދޫކޮށްލައިގެން ކަހަލަ ގޮތަކަށް އޭނާ އިންއިރު ސިކުނޑީގައިވަނީ ވަރަށް ތަފާތު ޚިޔާލުތަކެވެ. މަޑުމަޑުން މޭގައި ފިރުމާލުމާއިއެކު އަނެއްކާވެސް ޒުކަންއަށް ހީނލެވިއްޖެއެވެ.
“މިހާ ދުވަހަކު އަހަރެން މަސައްކަތްކުރީ ދުރުގައި ހުންނަން، އެކަމަކު އެކަމެއްނުވި، ތަޤުދީރުގައި އެކަމެއްވާކަށްނެތްހެން ހީވާ ކަހަލަ، އެ ތޫފާނީ ރޭގައި ގަސްތަކުގެތެރެއަށް އުދުހިފައި އައިސް މަޑުކޮށްލި ޕަރީއެއްފަދަ، ބުއްދިއާއި ކުޅެލާފަދަ ރީތިކަމެއް، ސިހުރުގައި ޖެހި މީހާ ރޯނާކޮށްލާވަރުގެ ތޫނުފިލި ދެލޯ، އަހަންނާ އަދި އެއްފަހަރު ބައްދަލުކޮށްލަން އަންނާނެނަމައޭ ހިތަށް އަރާ، މިފަހަރު ހަމަގައިމުވެސް އެކަނިކޮށްލާފައި ނުދާނަން، ތީކޮންދުނިޔެއެއްގައި އުޅޭ މަޙުލޫގެއްކަން ހޯދާނަން، އަދި ނިމުން އަހަރުމެން ދެމީހުންނާ ގުޅިފައިކަމަށްވާނަމަ، އެކަންވެސް ޤަބޫލުކުރާނަން، އެރޭ ހޯދި އުފާތަކަށް އަހަރެންގެ ހިތް ނުލެބެޔޭ ބުނެފިއްޔާ އަހަރެންގެ އަމިއްލަ ޟަމީރަށްވެސް އޮޅުވާލެވުނީ، ވަރަށް ގިނަދުވަހު އޮޅުވާލައިގެން އުޅެވިއްޖެ، ދެންހެޔޮ، މިހިތުގައި އެރެއަށްފަހު ހުސްކަމެއް އުފެދިފައިވޭ، އެވާހަކަ ބުނަންވެސް ބޭނުން، ހަމައެންމެ ފަހަރަކު އަހަންނަށް ފެނިލަބަލަ، އަހަރުމެންގެ އެމަންޒިލަށް ދިޔައްޔާ ބައްދަލުވާނެތަ… މިހާ ބޮޑަށް ދެކިލަން މިއެދެވެނީ ކީއްވެތަ… މި އިޙްސާސްތަކަކީ އަހަރެންގެ ހަވާނަފްސުކަމުގައި ޤަބޫލެއްނުކުރަން، އެއަށްވުރެ އިޙްސާސްތައް ފުންވެފައި މިހިތުން ތިބާއަށް ކުރެވޭ ޤަދަރުބޮޑު… އޭރު ބިރުން ފިލަންދުވިޔަސް ދެން އެހެންވާކަށް ނޭދެން، އެއްވެސް ކަމަކަށްވުރެވެސް ބޮޑަށް މިހާރު ބޭނުންވަނީ ހަމައެންމެ ފަހަރަކު ދެކިލަން، އަދިވެސް ހުރީ ހަމައެގޮތަށްތޯ، އަދިވެސް ތީ އެރޭ ދިމާވިއިރު ފެނުނު ކަހަލަ ކުޑަކުޑަކުއްޖެއްތޯ… ނޫނީ ބޮޑުވެއްޖެތޯ… ހެ ހެ ހެ… އަހަރެން ހަމަ ރަނގަޅަށްވެސް މޮޔަވަނީ ކަންނޭނގެ، އެއީ ޖިންނިއެއް ކަންނޭނގެ… އަހަންނަށް ބާރުފޯރުވަނީކީ ނޫންބާ… އަހަރެން ގެންދަން ބޭނުންވަނީ ކަންނޭނގެ، ނޭނގެ!، އެކައްޗެއްވެސް ނޭނގެ!، ބައްދަލުކުރުމުން ނޫނީ ދެން ހިތަށް ހަމަޖެހުމެއްނުލިބޭނެ، ތީ ޖިންނިއެއްކަންވެސް އަދި އިންސާނެއްކަންވެސް އެނގޭނީ އޭރުން، ބައްދަލުކުރަން ހަދާނީ ކިހިނެއްކަމެއްނޭނގޭ، އެކަމަކު އެރޭ އަހަރުމެންދެމީހުންނަށް ހިޔާއަޅައިދިން ގަސްދޮށަށް ދާނަން، ހިތްއެގޮތަށް ބުނާތީ” ދެލޯމަރާލައިގެން ޒުކަން އިނެވެ.
އޮފީހުގެ ދޮރުގައި ޓަކި ޖަހާލި އަޑުން ޒުކަންގެ ސަމާލުކަން އެދިމާލަށް ހުއްޓުނެވެ. ދޮރުހުޅުވާލާފައި އެތެރެއަށް ވަނީ ބުޝްރީއެވެ. އޭނާއަށް ޒުކަން ފެނުމާއިއެކު މޫނުމަތިން ހައިރާންކަން ފެނިގެން ދިޔައެވެ.
“ކަމަކުތަ ބުޝްރީ” ޒުކަން މޭޒުގައި ދެއަތުން ހިފާއްޓާލުމާއިއެކު ގޮނޑީގައި ހަމަޖެހިލަމުން އަހާލިއެވެ.
“ނޫން، ދަނީއޭ ބުނެލަންވެގެން، މިހާރު އެއޮތްގެން ހައެއްޖަހަނީ، މިއަދު ގެއަށް ނުދާދުވަހަކީތަ، އެހެންނޫނީ ވަރަށް ކުރިން އޮފީހުން ނުކުންނާނެ” ބުޝްރީ އައިސް ޒުކަންގެ މޭޒުގެ ކުރިމަތީ ހުރި ދެގޮނޑިން ކުރެ ގޮނޑިއެއްގައި ދެއަތްއަޅުވާލަމުން ބުނެލިއެވެ.
“ދާންވެސް ވީ…” ޒުކަން އަތުކުރީގައި އޮތް ގަޑިއަށް ބަލާލާފައި ބުނެލިއެވެ.
“އޭތް! އަހަރެން އެއްޗެއް އަހާލަންތަ، ފަހަރެއްގައިވެސް ޒުކަންގެ ޒާތީ ކަމަކާ ބެހެނީއެއްނޫން އިނގޭ” ބުޝްރީ މާނަފުން ނަޒަރަކުން ޒުކަންއަށް ބަލަން ހުރެފައި ބުނެލިއެވެ.
“ކިހިނެއްވީ ކުއްލިއަކަށް ބުޝްރީއާއި ހާދަ ނުގުޅޭ ފާޑުގެ އެއްޗެކޭ ތިބުނީ” ޒުކަން ހިނިއައިސްފައި އަހާލިއެވެ.
“ޒުކަންއަށް ބަދަލުތަކެއް އަންނަހެން ހީވަންޏާ އަހަންނަށްވެސް ކުރިން ނުކުރާ ފަދަ ސުވާލު ކުރެވޭނެތާ” ބުޝްރީ ފާޑަކަށް އެއްމިޔަކަނިން ހިނިއައިސްފައި ހުރެ ބުނެލިއެވެ.
“އޭނ… ކީކޭ ތިބުނީ…” ޒުކަން ވަރަށް ހައިރާންވެފައި ބުޝްރީގެ މޫނަށް ބަލަމުން ދިޔައީ އޭނާއަށް ކޮންކަމެއް އެނގުނީބާއޭ ހިތަށް އަރާފައި އިންފަދަ ގޮތަކަށެވެ.
“މިހަފްތާ މިހާރު މިއޮތް ނިމުނީ، އެކަމަކު ޒުކަން މިހާރު ގިނަވަގުތު ހޭދަކުރަނީ އޮފީހުގައި، ކުރަނީ ކީއްކަމެއް ނޭނގޭ، މިދުވަސްކޮޅު ކުރާނެ މާގިނަ މަސައްކަތެއްވެސް ނެތެންނު، ޒުކަން… ބުނެބަލަ، މައްސަލައެއް އުޅެނީތަ، މިހާރު އަބަދުވެސް ފެންނަނީ ކޮންމެވެސް ޚިޔާލެއްގެ ތެރެއަށް ގެއްލިފައި އިންދާ، އަހަރެންގެ އެހީތެރިކަމެއް ބޭނުންތަ” ބުޝްރީ އަތްއަޅުވާލައިގެން ހުރި ގޮނޑީގައި ދެއަތުން ހިފާއްޓާލަމުން ހަށިގަނޑު ތެދުކޮށްލާފައި ތަންކޮޅެއް ސީރިއަސް ގޮތަކަށް ޒުކަން އާއި ވާހަކަދެއްކިއެވެ.
“އެއްވެސް މައްސަލައެއްނެތް، ތޭންކްސް ބުޝްރީ… ހިނގާ ދަމާ ދޯ” ޒުކަން ވަގުތުން އެދެމެދުގައި ދެކެވެމުން ދިޔަ ވާހަކަ މެދުކަނޑާލަން ބޭނުންވީއެވެ. އެކަން ބުޝްރީއަށްވެސް ފާހަގަ ކުރެވުނެވެ. ނަމަވެސް އޭނާވެސް ހިނިތުންވެލާފައި ބޯޖަހާލަމުން އެކެބިންއިން ނުކުންނަން ހިނގައިގަތެވެ. ޒުކަން މޭޒުމަތީ އޮތް އޭނާގެ އަވިއައިނު ހިފައިގެން ބުޝްރީގެ ފަހަތުން ނުކުންނަން ހިނގައިގަތެވެ.
* * * *
ކޮޓަރިން ނުކުންނަން ހިނގައިގަތް ނާވީއަށް ފުއާދު ގޮވާލިއެވެ. އެއާއިއެކު ނާވީ ފަހަތަށް އެނބުރި ބައްޕައަށް ބަލާލީ ހާސްވެ ކަންބޮޑުވެފައި ހުރި ފަދަ ގޮތަކަށެވެ.
“އިހަށް އިށީނދެބަލަ، ބައްޕަ އެއްޗެއް ނުބުނަނިސް ކީއްވެ ތި ދަނީ” ފުއާދު އިނީ ނާވީގެ މޫނުމައްޗަށް އަރާފައިބަމުންދާ ކުލަވަރު ބަލާށެވެ. ދަރިފުޅުގެ މޫނުމަތިން ފެންނަމުންދާ ނުތަނަވަސްކަން ގުޅިފައިވަނީ ކޮންކަމަކާކަން ފުއާދަށް އެނގެއެވެ.
“ބައްޕަ މިކައިވެންޏާއިމެދު ނުރުހޭކަން އެނގޭތީ އިތުރަށް ބުނާނެ އެއްޗެއް އަހަންނަކަށް ނޭނގުނު، އެކަމަކު…” ނާވީ އައިސް ފުއާދުގެ ކޮޓަރީގައި ހުރި ގޮނޑީގައި އިށީންނަމުން ފުއާދަށް ބަލާލާފައި ބުނެލިއެވެ.
“ނާވީ، ދަރިފުޅުގެ ނިންމުން ގޯސްވެދާނެއޭ ބައްޕައެއް ނުބުނަން، އަދި އެހެންވެދާނެކަމަށްވެސް ޤަބޫލެއްނުކުރަން، އެކަމަކު ހީވަނީ އަވަސް އަރުވާލާފައި ކުރުމަށްވުރެ އަދި ދެތިން މަސް މަޑުކޮށްލުން ކިހިނެއްވާނެބާއޭ، އަނެއްކާ ޖިޔާގެ ކުއްޖަކު ހުރުމުން، އެކަމާވެސް ބައްޕަ ވިސްނަން، ދިރިއުޅުމަކީ ހިތަށްސިފަކުރެވޭހާ ފަސޭހަ ދަތުރެއްނޫން، ވަރަށް ގިނަ އަޑިގުޑަން ތަކާއި ކުރިމަތިލާންޖެހޭ ފަހަރުތައްވެސް މަދެއްނުވާނެ، ދަރިއަކު ބެލުމަކީ ވަރަށް ބޮޑު މަސްޢޫލިއްޔަތެއް، އަދިއަމުދުން އެހެންމީހެއް ދަރިއެއް…” ފުއާދު މިހސާބަށް ބުނެފައި ފުންނޭވާއެއް ބޭރުކޮށްލިއެވެ.
“ބައްޕާ، އަހަރެން ހުރިހާ ގޮތަކަށްވެސް ވިސްނާފަ ނިންމި ނިންމުމެއްމީ، އަހަރެންގެ ކިޔެވުންވެސް ނިމުނީ، ރަނގަޅު ވަޒީފާއަކަށް އަހަރެން ކުރިމަތިލާނަން، އެކަމަކު އަހަރެން މިހުރިހާ ކަމެއް ކުރަންދެން އަހަރެންގެ އިންތިޒާރުގައި ޖިޔާ ބަހައްޓާކަށް ބޭނުމެއްނޫން، ކައިވަންޏަކީ ކިހާ މާތްގުޅުމެއްކަން އަހަންނަށްވެސް ވިސްނޭ، އެކުގައި އުޅޭއިރު ހިތްހަމަނުޖެހޭ ކަންތައްތަކާވެސް ދިމާވާނެކަން އެނގޭ، އެފަދަ ކަމެއް ދިމާވެއްޖެނަމަ އިރާދަކުރެއްވިއްޔާ އަހަރެން އެކަންތައް ހައްލުކުރާނަން، ކައިވެނި ރޫޅުނަކަނުދޭނަން، މަންމަ އާއި ބައްޕަ އުޅުނު ފަދަ ރީތި އުޅުމެއް އުޅެން އަހަރެންވެސް ބޭނުން، ބައްޕާ، އަހަރެން ޖިޔާ އާއި އިންނަން ބޭނުން، އަދި އަހަންނާއިއެކު ޖިޔާގެ ދަރިފުޅުވެސް ވާން ބޭނުން، ދުވަހަކުންވެސް އެއީ އަހަރެންގެ ދަރިއަކަށް ނުވާނެކަންވެސް އެނގޭ، އެކަމަކު އަހަރެންގެ ފަރާތުން ލޯބިލިބުނީ ހަމައެކަނި އެދަރިފުޅުގެ މަންމައަށޭ ބުނާއަޑު އަހާކަށް އަހަރެންވެސް ބޭނުމެއްނޫން، ހަރުދަނާ، ޒިންމާދާރު ރަނގަޅު މީހަކަށް އަހަރެން ވާނަންކަމަށް ވަޢުދުވަން، ހަމައެކަނި ބޭނުންވަނީ ބައްޕަގެ ރުހުން، މިއަދު އަހަރެންގެ މަންމައަކީވެސް ތީ، ބައްޕަ ރުހުންދީފިނަމަ އަހަންނަށް މަންމަގެ ރުހުންވެސް ލިބުނީ… މައިންބަފައިންގެ ރުހުން ނުލިބި އެމީހުންގެ ހެޔޮދުޢާ އާއި ނުލާ ކަމެއް ކާމިޔާބުކުރުމަކީ ވަރަށް އުނދަގޫކަމެއް، އަހަރެން އަބަދުވެސް ބައްޕަގެ ޚިޔާލުތަކާއި ނިންމުންތަކަށް ޤަދަރުކުރަން، އެކަމަކު ބައްޕަވެސް ވަރަށް ވިސްނާފައި އަހަންނަށް ޖަވާބެއް ދޭންވާނީ” ނާވީ ފާޅުގައި ނުބުނިކަމުގައިވިޔަސް އޭނާގެ އަޑުން ހީވަނީ ފުއާދުގެ ގާތުގައި އާދޭސްކުރާހެންނެވެ.
“ބައްޕައަށް ޖިޔާ ކަމުދޭ، ހިތްހެޔޮ އަޙުލާގު ރަނގަޅު ކުއްޖެއްހެން ހީވަނީ، ދަރިފުޅަށް ވަރަށް ހެޔޮވާނެހެންވެސް ހީވޭ، އެކަމަކު ބައްޕަގެ ހިތަށް އަރަނީ ހާދަ ޅައުމުރެއްގައޭ ޖިޔާ ބަލިވެ އެއިނީ… ޖިޔާގެ މައިންބަފައިން މިކައިވެންޏަށް ޤަބޫލުބާއޭ” ފުއާދު ފިކުރެއްގެތެރޭގައި އިނދެ ބުނެލިއެވެ. ނާވީ ދެލޯމަރާލުމާއިއެކު ފުންނޭވާއެއްލާފައި ފުއާދަށް، ޖިޔާގެ ފުރަތަމަ ކައިވެނީގެ ވާހަކަ ވަރަށް ތަފްޞީލުކޮށް ކިޔައިދީފިއެވެ. ނުހާ ކިޔައިން ވަރަށްވުރެ ބޮޑަށް ނާވީ ދުލުން އެވާހަކަތައް އިވުމުން ފުއާދަށް ކަންތައްތައް ހިނގާދިޔަގޮތް އެނގުނުލެއް ބޮޑުވިއެވެ. އަދި ހިތުގައި ޖިޔާ އާއިމެދު ހަމްދަރުދީ އުފެދުނެވެ. ކޮންމެ އިންސާނަކަށްވެސް އުފަލުގައި ހުރުމާއި އުފާހޯދުމުގެ ހައްޤުލިބިގެންވެއެވެ. ހަޔާތުގައި ދިމާވާ އެންމެ ކަމަކުން އެމީހަކު އެކަހެރިކޮށްލުމަކީ އެއްވެސް ގޮތަކަށް އިންސާފެއްނޫނެވެ. މިހާރު ނާވީފަދަ ޒުވާން ކުދިން ވަރަށް މަދެވެ. ހަޤީޤަތް އެނގުމުން އެހެންމީހަކު ނަމަ އިތުރަށް އެއަންހެން ކުއްޖާ ކުރާނީ ބަދުނާމެވެ. ދޭނީ އިތުރު ހިތްދަތިކަމެކެވެ. ފުއާދު ލުއިގޮތަކަށް ހިނިތުންވެލިއެވެ. އޭނާގެ ދަރިފުޅުގެ ވިސްނުމާ ޚިޔާލާ ފިކުރު ހުރިގޮތާއިމެދު އޭނާ އުފާކުރިއެވެ.
“ދަރިފުޅު ބޭނުންވާގޮތަށް ކަންތައްކުރޭ، ބައްޕަ ދަރިފުޅަށް އެހީވާނަން، އެކަމަކު ބުނަން، ބައްޕަ ބޭނުންވަނީ ޖިޔާ އާއި ކައިވެނިކޮށްގެން މިގޭގައި ދަރިފުޅުމެން އުޅެން، ދަރިފުޅު ބޭނުންނަމަ، ދަރިފުޅުމެންނަށް ވަކިން އެޕާޓްމެންޓެއް ހުސްވެސް ކޮށްދީފާނަން، އެއީ ބައްޕަގެ ޝަރުތަކީ” ފުއާދު ހިނިތުންވެލައިގެން އިނދެ ބުނެލިއެވެ. ކުއްލިއަކަށް ނާވީގެ މޫނު އުޖާލާވެގެން ދިޔައެވެ.
“ބައްޕާ، އަހަރެން ކުރިންވެސް ބޭނުންވީ ކައިވެނިކޮށްގެން ގޭގައި ހުންނަން، ދޮންތަ އާއި ޒިޔާފު ކިހާ އެކަނިވާނެ އަހަރެން ދިޔައީމަ، ޖިޔާ މިގެއަށް އައީމަ ދޮންތަ ފޫހިފިލާނެކަން ޔަޤީން” ނާވީ އުފާވެފައި އިނދެ ބުނެލިއެވެ.
ފުއާދު އާއި ވަކިވުމާއިއެކު ނާވީ އައިސްވަނީ އޭނާޣެ ކޮޓަރިއަށެވެ. ފޯނު ނަގާ ގަޑިންވީއިރު ބަލާލިއެވެ. އަދި ޖިޔާ މިހާރު ކުރާނީ ކީއްކަން އޭނާއަށް އެނގޭ ކަހަލައެވެ. އުފާވެރި ހިނިތުންވުމަކާއިއެކު ފޯނުން އެންމެ ފަހުން ގުޅާފައި ހުރި ނަންބަރުތަކުގެ އެންމެ މަތީގައި އިން ނަންބަރަށް ޑަޔަލްކޮށްލިއެވެ. ފޯނު ކަންފަތުގައި ޖަހާލައިގެން ހުރެ ނާވީ ނުކުމެ ބެލްކަނީގައި މަޑުކޮށްލިއެވެ. އަނދިރިވަމުން ދިޔަ އުދަރެހަށް ބަލަހައްޓައިގެން ހުރީ ރިންގުވަމުން ދިޔަ ކޯލަށް ޖިޔާ ޖަވާބު ދޭނެ އިރަކަށެވެ.
* * * *
“ކީއްކުރަން ތިގުޅީ” ބެލްކަނީގައި ކަންފަތުގައި ފޯނު ޖައްސާލައިގެން ހުރި އިބާ ހިތްހަމަނުޖެހިފައި ހުރިފަދަ ގޮތަކަށް ބުނެލިއެވެ.
“އަހަރެން އަބަދަކު ނުގުޅަމެންނު، އިބާ އެދުނުހެން އުނދަގުލެއްވެސް ނުކުރަމެންނު، އަދިވެސް އަހަރެންދެކެ ރުޅި އައިސްފަތަ ތިހުންނަނީ، ޕްލީޒް އިބާ، އިޓް ވޯސް ޖަސްޓް އަ މިސްޓޭކް، ކިހާ ވަރަކަށް އަހަރެން މާފަށް އެދެންވީ” އިބާގެ ފޯނުން ފިރިހެން އަޑަކުން ބުނެލިއެވެ.
“އަހަރެން…. އަހަރެން ރުޅިއެއް ނާދެއޭ، އެނގޭ އެއީ މިސްޓޭކެއްކަން، އެހެންވެ މިބުނަނި ނުގުޅާށޭ، އެއްވެސް ވަރަކަށް ގުޅުން ބާއްވާކަށް އަހަރެން ބޭނުމެއްނޫން، ދެން އަހަންނަށް ނުގުޅައްޗޭ” ދެބުމަ ގޮއްޖަހާލަމުން ކަހަލަ ގޮތަކަށް އިބާ ބުނެލިއެވެ.
“ކާކަށް އިންޒާރެއް ދިނީ” ކުއްލިއަކަށް އިބާގެ ފަހަތުން ޒުކަންގެ އަޑުއިވުނެވެ. ދެލޯބޮޑުވެ ނޭވާ އެތެރެހަށީގައި ހިފާއްޓާލެވުނު އިބާ ކަންބޮޑުވިއެވެ. އަވަހަށް ހިނިތުންވެލަން މަސައްކަތް ކުރަމުން ފަހަތަށް އެނބުރި ޒުކަންނާއި ކުރިމަތި ލިއެވެ.
“ނޭނގެ، ނުދަންނަ ނަންބަރަކުން، އޮޅިގެން ގުޅުނިއްޔޯ، ދެން އެހެނޭ ކިޔާފަ ތިން ހަތަރުފަހަރަށް އޮޅިގެނެއް ނުގުޅޭނެއެންނު ދޯ” ހިނިތުންވެލައިގެން ހުރެ އިބާ ދޮގެއް ހަދާލިއެވެ.
“އެހެންތަ” ޒުކަން މިހެންބުނެ ލުއިގޮތަކަށް ހީނލިއެވެ.
“އަނެއްކާ ޒުކަންއަށް ފޯނުކޯލު އަޑުއިވުނުބާ، އޭނާ އަހަރެންގެ ފަހަތުގައި ހުންނަތާ ވަރަށް އިރުވެދާނެ ކަންނޭނގެ، ނޫނީ އަހަރެންގެ ފޯނު ބަލައިފިއްޔާ ހެދީ ދޮގެއްކަން ޒުކަންއަށް އެނގޭނެ…” ހިނިތުންވެލައިގެން ހުއްޓަސް އިބާގެ އަވަސްވެފައިވާ ހިތަށް އެރިއެވެ.
“ކޮންއިރަކު އައީ، މިއަދު ހާދަ ލަސްވީ” އިބާ ވާހަކަ ބަދަލުކޮށްލަމުން އަވަސް އަވަހަށް މިހެން ބުނެ ޒުކަންގެ އަތުގައި ހިފާލައިގެން ކޮޓަރިތެރެއަށް ހިނގައިގަތެވެ.
“ހަމަދެންމެ މިއައީ، އައިކު ބޮޑުއެނދުގައި ބާއްވާއި އޮތީމަ އެނގިއްޖެ އިބާ ދުރަކަށް ނުދާނެކަން، ކީއްވެތަ އައިކު މިގަޑީގަ ނިދާފަ އެއޮތީ” ޒުކަންގެ ފަރާތުން އިބާގެ ފޯނުކޯލަށް އޭނާ ހީކުރިފަދަ ސަމާލުކަމެއް ނުލިބުމުން އިބާ ހިތްހަމަޖެހުނެވެ.
“މެންދުރު ރަނގަޅަށް ނުވެސް ކައި، އަހަރެން ހީކުރީ ޒުކަން އަންނާނެކަމަށް، ދެން ނައީމަ އެނގިއްޖެ އޮފީހުގައި ތަންކޮޅެއް ބިޒީވީކަން، އައިކު ހަވީރު ފާޑަކަށް ކޫސަނިވެގެން ރޮއެރޮއެފަ އުޅެންފެށީމަ މަންމަ އަސުރު ނަމާދުން ފައިބައިގެން އައިސް ފެންވަރުވާލީ، ދެން ޔޯގަޓެއް ކާލިގޮތަށް މަޑުމަޑުން މައިތިރިވެއްޖެ، އޭރު ނިދިގޮތަށް އެއޮތީ، ނަގަންވެސްވީ” އިބާ، ދުވަސްދިޔަގޮތް ކިޔާދިނެވެ.
* * * *
“މަންމަ އެނގެން ބޭނުންވަނީ ދަރިފުޅުގެ ދުވަސް އޮފީހުގައި ހޭދަވިގޮތް އެނގުމެއްނޫން، މަންމަ ބުނި ކަންތައް ކިހާ ހިސާބަކަށް ގޮސްފިތޯ އެނގެން ބޭނުންވަނީ” ޒުހޭރާ އޭނާގެ ކުރިމަތީ ކާމޭޒު ދޮށުގައި އިން ދަރިފުޅާ ވާހަކަދެއްކިއެވެ. ކުއްލިއަކަށް ހިމޭންވެފައި ކާންއިން ބަތްތައްޓަށް ނަޒަރުހުއްޓާލައިގެން ޞޮފާއިނީ ބުނާނެ އެއްޗަކާއިމެދު ވިސްނާށެވެ.
“ބުނަން ޞޮފާ، ތިހެން އަބަދު އުޅުނަކަސް ކުރާނެ ފައިދާއެއް ނޯންނާނެ، އެކުގައި ރިސޯޓުތަކާއި ތަންތަނަށް ދާއިރު ފާޑުފާޑުގެ ވާހަކަ މީހުންވެސް ދައްކާ، އެހެންނޫނަސް ރިހާމު ކަހަލަ މީހަކު ދަރިފުޅުގެ ޚަޔާތަށް ގެނައުމުން ލިބޭނެ ގެއްލުމަކީ ކޮބާ، މަންމައަށް އެނގޭ ދަރިފުޅު ރިހާމާ ގުޅެން ބޭނުންވާކަން، ނިކަން އޭނާ ދަރިފުޅާއި ދުރުނުވެވޭވަރު ކޮށްލަބަލަ، ކީއްވެތަ އިސްވެ ކައިވެންޏަށް ނޭދެންވީ، އެއީ ހުތުރުކަމެއްނޫނޭ، އަނެއްކޮޅުން ދެއަންބަށް އިނދެގެން އުޅުމަކީވެސް މިހާރު މާބޮޑު މައްސަލައެއްނޫން، އޭނާ އާއި ކައިވެނިކުރެވިޖެއްޔާ ދަރިފުޅަށް ވާނެ ފައިދާ އާއިމެދު ވިސްނާލަބަލަ، ދެން ރިހާމާއި ބައްދަލުވާ ފަހަރަކުން އޭނާ ގާތު ބުނާތި، މީހުން ފާޑުފާޑުގެ ވާހަކަދައްކައޭ، ދަރިފުޅުވެސް ބޭނުންވަނީ ރިހާމާއި ކައިވެނިކުރާށޭ، ބައްޕަވެސް އަހައިފި ކޮންއިރަކުންހޭ ޞޮފާ، ރިހާމާއި ކައިވެނިކުރަނީ، ދެމަފިރިން އުޅޭހެން އުޅެންޏާ ކޮންމެ މީހަކުވެސް އެހެން އަހާނެތާ، ދެރައެއްލިބޭނީ ހަމަ ދަރިފުޅަށް، އެއީ އަންހެން ކުއްޖަކަށްވީތީ، އެހެންވީމަ ބޮނޑިއެއްނުލިބެނިސް އަވަހަށް އޭނާގެ ބޮލަށް އެރިލަބަލަ، ކޮންމެވެސް އެއްޗެކޭ ކިޔައިގެން ވިޔަސް ވަރިހަމަ، ނޫނީ މަންމަ ރިހާމާއި ވާހަކަދައްކަންތަ” ސިއްރުން ކަހަލަ ގޮތަކަށް ވާހަކަދައްކަމުން ދިޔަ ޒުހޭރާ މިހެން ބުނުމުން ޞޮފާ އޭނާއަށް ބަލާލިއެވެ.
“ނޫން، މަންމަ އެއްވެސް ވާހަކައެއް ރިހާމާއި ދައްކައިގެން ނުވާނެ، އޭނާ މިގެއަށް އަންނާތީ މަންމަމެންނަށް މިހާރުވެސް ވާފައިދާ ކުޑަތަ، މިހިރަ ކަބަޑުސެޓުތަކާއި ކޮޓަރީގައި އޭސީ އާއި، ނުވިތާކަށް އިހަށް ދުވަހު ބައްޕަ ލަންކާއަށްވެސް ފޮނުވާ ދިނީ އޭނާއެންނު، ރިހާމަށް އެއްވެސް ކަމެއް އަހަރެން މަޖުބޫރުކުރާކަށް ބޭނުމެއްނޫން” ޞޮފާގެ ހިތުގައި ރިހާމުގެ މައްޗަށްވަނީ ސާފު ސީދާ ލޯތްބެވެ. ރިހާމަށް ކަންކަން ކުރުމަށް މަޖުބޫރުނުކުރެވެނީވެސް އެހެންވެއެވެ. ނަމަވެސް މަންމަ އެބުނަނީ ދޮގު ވާހަކައެއްނޫނެވެ. ރިހާމު އެގެއަށް އައިސް އެތަށް ދަމެއްވަންދެން އުޅެއެވެ. ބައެއްރޭރޭ ނުކުމެގެން ދަނީ ފަތިހުއެވެ. ނޫނީ ޞޮފާ އާއިއެކު ރިސޯޓުތަކުގައެވެ. މީހަކާ އިނދެގެން ހުރިއިރު ރިހާމު، ޞޮފާ އާއި ދޭތެރޭ އެހާ ގާތްގުޅުމެއް ބާއްވަނީ ކޮން ސަބަބަކާއި ހުރެކަމެއް ޞޮފާއަށް އެއްގޮތަކަށްވެސް ނޭނގެއެވެ. އޭނާ ބުނިހާ ގޮތެއް ހަދައިގެން ޞޮފާ އުޅޭއިރު އޭނާވެސް ރިހާމާއިއެކު ރީތި ދިރިއުޅުމެއް އުޅުމުގެ ހުވަފެން ދެކެއެވެ. ރިހާމުގެ އަންބެއްގެ ގޮތުގައި އިންނަން ވަރަށްވެސް ބޭނުމެވެ.
“ތިވަރަށް ވިސްނަންވީ ދުވަސް ފާއިތުވެއްޖެ، މަޑުމަޑުން ހުރެގެން އެއްވެސް ކަމެއް ނުވާނެ، އެހެންނޫނީ އެޝޫޒާ ހުރިހާ އެއްޗަކަށް ވެރިވަގަނެދާނެ، މިހާރުވެސް ހުރިހާ ފޮންޏެއް އެބޮނީ އޭނާއެންނު، އެހެންނުވާނީ ހުރިހާ ވިޔަފާރިއެއް އެއޮންނަނީ އޭނާގެ ނަންމަތީގައި ވިއްޔާ، ޞޮފާއަށް ރިހާމާއި ކައިވެނިކުރަން އަހަން ނުކެރެންޏާ ތިގުޅުން ހުއްޓާލާ، އިތުރަށް ރިހާމު އާއި އެއްވެސް ގުޅުމެއް ބާއްވާނެކަމެއްނެތް، ފިސާރި އަންހެނަކަށް ވާނީ ރިހާމާ އިނދެލެވުނީމަ” ޒުހޭރާ ބުނެލިއެވެ.
ޞޮފާއަށް އިތުރަކަށް ނުކެވުނެވެ. އޭނާ ތެދުވެގެން އައިސް ޑަސްބިނަށް ތަށީގައި ބާކީހުރި ބަތްކޮޅު އަޅާފައި ތަށިދޮވެލައިގެން ބަދިގެއިން ނުކުމެއްޖެއެވެ. ޒުހޭރާ، ޞޮފާއަށް ބަލާލަމުން ތުންއަނބުރާލިއެވެ.
“ކީއްވެތަ މިކުދިންނަށް ނުވިސްނެނީ، އެކަހަލަ ބޮޑު މުއްސަންޖެއް އަތްޖެހޭ ހިސާބުގައި ހުރިއިރުވެސް އަތުއަޅުވާލާކަށް ނޭނގޭ، އަހަރެންގެ ޅަދުވަސްނަމަތާ، ފިސާރި ކުޅި ދައްކާލާނަން، ދެތިން ވިޔަފާރިގެއާއި ދެތިން ކާރު މަގޭވެސް އޭރުން އޮންނާނެ…” ފާޑަކަށް ހިނިއައިސްފައި އިނދެ ޒުހޭރާ އަމިއްލައަށް ޚިޔާލީ ފޮލާ ކައްކާލިއެވެ. އޭނާ ބޭނުންވަނީ ކޮންމެ ގޮތަކުންވިޔަސް ރިހާމާއި ޞޮފާ ގުޅުވާށެވެ. އޭނާގެ ދޮށީ ކުއްޖާއަކީ މާލޭގެ އެންމެ ރީތި، އެންމެ ބޮޑު މުއްސަންޖާއި އިނދެގެން އުޅޭ އަންހެންކުއްޖާއަށް ހެދުމެވެ.
(ނުނިމޭ)