THIYAEE MAGEY MITHURAA EY [EP: 05]

“ޒީވް، ފަހަރެއްގައި ކައިވެނިކުރަން މީ އެންމެ ރަނގަޅު ވަގުތު ނޫންކަމަށް ވެސް ވެދާނެ، އަހަރެންގެ މައިންބަފައިންނަށްވުރެން ޒީވްގެ މަންބަފައިންގެ ރުހުން އަހަންނަށް މާ މުހިންމު، އެމީހުން ރުހެންދެން އަހަރެން މިހިރީ ކައިވެނި ލަސްކުރަން ތައްޔާރަށް” އަކްމަލް ބުނެލިއެވެ.

“އޭރުން އަކްމަލްގެ ޢާއިލާއަށް ދޭނީ ކޮންޖަވާބެއް، އެމީހުން ގާތު އަކްމަލް ބުނީމެންނު ވީހާ ވެސް އަވަހަކަށް ކައިވެނި ކުރާނަމޭ، އަހަރެން ބޭނުމެއްނޫން އަކްމަލްގެ މަންމަމެންނަށް އަހަރެންގެ މައިންބަފައިން ނުރުހޭތީ ކައިވެނި ނުކުރެވިފައޭ މިތިބީ ބުނާކަށް” ޒީވާގެ ހިތުގައިވާ އެއްޗެއް އޭނާ އަކްމަލްއަށް ހާމަކުރިއެވެ.

“އަހަންނެއް އެހެން ނުބުނާނަމޭ، އެކަމާ ޒީވް ހާސްނުވެބަލަ، ވީހާވެސް އަވަހަކަށް އިންނާނަމޭ ބުންޏަސް ވަކި ތާރީޚެއް ކަނޑަނާޅަންޏާ އެއީ ކޮންއިރަކު ކަމެއް އެކަކަށް ވެސް ނޭނގޭނެއެންނު، ދެން އެކަމާ ވާހަކަދައްކާނީ މާދަމާ، ގަޑިން ވީއިރު އެބައެނގޭތަ، ނުވެސް ނިދާ ދޯ ޒީވް ތިއުޅެނީ، އަނެއްކާ މިރޭ ކައިގެންތަ ތިހިރީ” އަކްމަލް އަހާލިއެވެ.

“ހޫމް! ސިސްއާއެކު ކައިގެން މިހިރީ، ހަތަރެއްޖަހަނީކަން ވެސް އެނގޭ، އަކްމަލް މާދަމާ އޮފީހަށް ވެސް ދާންޖެހޭނެކަން އެނގޭ، ތެދަށް ބުނަންޏާ އައި މިސްޑް ޔޫ ސޯ މަޗް، މިހާރު ކޮލެޖަށް ވެސް ދަނީ ސިސްއާއެކު، އެއީ މަންމަ ބޭނުންވިގޮތް” އަކްމަލްއާ ވާހަކަދައްކާލެވުމުން ޒީވާއަށް ހިތްހަމަޖެހުން ލިބުނެވެ.

“ދުވަސްކޮޅަކު މިކަހަލަ ގޮތަކަށް އުޅެން ޖެހޭނެ، އެކަމަކު މަންމަމެންގެ ރުހުން ލިބުނީމަ ދެން ހުރިހާ ކަމެއް ވެސް އޯކޭވާނެ، ސޯ ޑޯންޓް ވޮރީ، އަހަރެން އަބަދުވެސް ހުންނާނީ ޒީވްއާއެކު، ދުރަކަށް ނުދާނަން، މާދަމާ ބުރާސްފަތި ދުވަސްވީމާ ވަރަށް ހިތްތެޅޭ، އެކަމަކު ވެސް ހިތަށްއަރަނީ ހާދަލަހޭ ދުވަސްތައް ދާލެއް، މިހާރު ހުކުރު ދުވަސް ނައިސްގެން މިހުންނަނީ ކެތްތެރިކަން ކޮޅުންލާވަރުވެފައި” ދަމާލަމުން ކަހަލަ ގޮތަކަށް އަކްމަލް އެންމެފަހު ޖުމްލަ ބުނެލިއެވެ.

“ދެން ނިދާ، ހެނދުން އޮފީހަށް ވެސް ދާންޖެހޭނެއެންނު، އަކްމަލް ގުޅީމަ ޖަވާބު ނުދީ ދެން ނުހުންނާނަން، ގުޑް ނައިޓް، މާދަމާ ދެން ވާހަކަދައްކާނީ” ޒީވާ މިހެން ބުނުމުން އަކްމަލް ވެސް އެއްބަސްވިއެވެ. އެހެންނަމަވެސް އޭނާ ޒީވާއަށް ޝަރުތުކުރީ ފޯނު ބޭއްވުމަށްފަހު ޒީވާ ރޮއެގެން ނުވާނެކަމަށެވެ.

ފަތިސް ނަމާދަށް ގޭތެރެ ހޭލައިފިއެވެ. ފުރާވަރަށް އެޅެމުން އަންނަ ހަގު ދެބެން ގޮވައިގެން ޝީރީން ހުރީ އާދައިގެ މަތިން ސިޓިން ރޫމަށް ފަތިސްނަމާދަށް އަރައެވެ. ނަމާދުން އަވަދިވުމާއެކު މުއްސަލަތެރެއަށް ދޮޅިއާއި އިސްޓާކީނުލާ އޮޅާލަމުން އެ ހިފައިގެން ދެބެން ދުއްވައިގަތީ ކޮޓަރިއާ ދިމާލަށެވެ. ޝީރީން އިރުކޮޅަކު މުއްސަލަމަތީ މަޑުކޮށްލީ ކިޔަވާލާށެވެ. އަދި ޒީވާއަށް ހެޔޮ ވިސްނުންދެއްވާ ރަނގަޅު މަގު ޚިޔާރު ކުރުމުގެ ހެޔޮ ތައުފީގު އެ ދަރިފުޅަށް މިންވަރު ކުރެއްވުން އެދި ޝީރީން ދުޢާކުރިއެވެ.

ނަމާދުކުރާ އެއްޗެހި ކޮޓަރިއަށް ލާފައި ޝީރީން ހިނގައިގަތީ ޒީވާގެ ކޮޓަރިއާ ދިމާލަށެވެ. އެހެންކޮޓަރިތަކާއި ވަކިން ސިޓިން ރޫމު ތެރެއިން ލާފައި ވަދެގެން ހުރި ޒީވާގެ ކޮޓަރީގެ ދޮރުގައި ޝީރީން ޓަކިދިނުމާއެކު ހުޅުވާލިއެވެ. އޭރު ޒީވާ ނަމާދު ދޮޅިއާއެކު އުއްޑުން އެނދުމަތީ އޮށޯވެލައިގެން މަތީ ފަންގިފިލާއަށް ނަޒަރު ހުއްޓާލައިގެން އޮތެވެ.

“ނަމާދުކުރީތަ؟” ޝީރީން ފެނުމުން ވަގުތުން ޒީވާ ތެދުވުމާއެކު އަހާލިއެވެ. ޒީވާ އަނގައިން ނުބުނެ ބޯޖަހާލީ ޝީރީނަށް ޖަވާބުދިނުމުގެ ގޮތުންނެވެ. އަދި މަޑުމަޑުން ނަމާދު ދޮޅި ބަލާފައި އެނދުގައި އިށީނެވެ.

“ޒީވާ، ދަރިފުޅާ ވާހަކަދައްކާލަން ކަމަކަށް މިއައީ، އަކްމަލްއަކީ ކޮންކަހަލަ ކުއްޖެއްކަމެއް މަންމަމެނަކަށް ނޭނގޭ، އެހެންވެ ދަސްކުރަން ބޭނުންވާ ވާހަކަ ބުނަންވެގެން، އެކަމަކު… ބައްޕަ، ބައްޕަ ބޭނުމެއްނުވޭ ޒީވް އެހާ އަވަހަށް ކައިވެނިކުރާކަށް، މަންމަމެންގެ އިތުބާރު ވެސް އަކްމަލްއަށް ލިބޭނީ އޭނާއަކީ ކޮންކަހަލަ ކުއްޖެއްކަން މަންމަމެނަށް ވެސް އެނގިގެންތާ ދޯ، މަންމަމެން ބޭނުން އަކްމަލް މިގެއަށް ގެންނަން، ދަރިފުޅު އޭނާ ގާތު ބުނަންވީނު މި ހުކުރު ދުވަހުގެ ރޭ މިގެއަށް އައިސް ދިނުމަށް، އެބަހުރި އަކްމަލްއާ ވެސް ދައްކަން ޖެހޭ ވަރަށް ގިނަ ވާހަކަތައް، ބައްޕަ ވެސް ވާހަކަދައްކާނެ ތި ދެކުދިން އެކުގައި ބައިތިއްބައިގެން، މިވަގުތު ތި ދެކުދިން ކައިވެނި ކުރާކަށް ބައްޕަ އެއްގޮތަކަށް ވެސް ނުރުހޭ” ޒީވާ ގާތު އިށީން ޝީރީން ބުނެލިއެވެ.

“މަންމަމެން ބޭނުންވަނީ އަކްމަލްއާ ބައްދަލުކުރަންނަމަ އޭނާ ހުރީ ތައްޔާރަށް، އިރާދަކުރެއްވިއްޔާ ހުކުރު ދުވަހުގެ ރޭ އަކްމަލް މިގެއަށް އަންނާނެ، ބައްޕަ ދައްކާ ކޮންމެ ވާހަކައެއް އަހަރުމެން ޤަބޫލުކުރާނަން” އިސްޖަހާލައިގެން އިން ޒީވާ ބުނެލިއެވެ.

ދަރިފުޅުގެ އަދަބުވެރިކަން ފެނި ޝީރީންގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ. ލޯތްބާއި އޯގާތެރިކަމާއެކު ޒީވާގެ ބުރަކަށީގައި ޝީރީނަށް ފިރުމާލެވުނީ އެހެންވެއެވެ.

“ކަންބޮޑުނުވޭ، މިވަގުތު ޒީވާގެ ކިޔެވުމަށް ސަމާލުކަން ދިނުން އެހެން އެއްވެސް ކަމަކަށްވުރެ މުހިއްމު، ކޯހުން ރަނގަޅު ނަތީޖާއެއް ލިބުމުން ވެސް ބައްޕަ ހިތްހަމަޖެހޭނެ، ޒީވާއަށް ވެސް އެނގޭނެ ބައްޕަގެ ވަކި އުސޫލުތަކެއް ހުންނަކަން، އެހެންވީމަ މިހާރު ރަނގަޅަށް ކިޔަވާ، މަޑުމަޑުން އަކްމަލްއަކީ ކާކުކަން މަންމަމެންނަށް ދެނެގަންނަން އޭރުން ފުރުޞަތު ވެސް ލިބޭނެ، ދަރިފުޅު އިންނަން ބޭނުންވާ ކުއްޖަކާ އިނުމުގެ ހުއްދަ ބައްޕަ އަދި ދޭނެ، ވަގުތު ޖެހެންދެން ކެތްތެރިވާންވީ، މަންމައަށް އެނގޭ ޒީވްއަކީ ވިސްނޭ ކުއްޖެއްކަން، ގޯސްމަގަކުން ނުދާނެކަން، އެކަމަކު އެފަދަ އިތުބާރެއް އަކްމަލްގެ މައްޗަށް މަންމަމެން ކުރާނީ ކިހިނެއް، މިހާރުގެ މުޖުތަމަޢުގެ ހާލަތު ދަރިފުޅަށް ވެސް އޮޅިފައެއް ނޯންނާނެ، ވިޔާނުދާވެގެން ކުދިން އުޅޭގޮތް މަންމަމެންނަށް ނޭނގޭނީއެއްނޫން، ކަންބޮޑުވަނީ އެހެންވެ، އެފަދަ މަގަކުން މަންމަގެ ދަރިއަކު ހިނގައިދާނޭތީ” ޝީރީންގެ ވާހަކަތަކުން ކަނިވަމުންދިޔަ ޒީވާގެ އުންމީދު އާލާވިއެވެ. އޭނާ މަޑުމަޑުން ޝީރީންގެ އަތުގައި ހިފާލުމާއެކު ވާހަކަދައްކަން ފެށީ ޝީރީނަށް ބަލަހައްޓައިގެން އިނދެއެވެ.

“މަންމާ، އިރާދަކުރެއްވިއްޔާ އެފަދަ މަގަކުން ދުވަހަކު ވެސް ނުދާނަން، މަންމަމެން އަހަރެން މިވަރުކުރީ ރަނގަޅުގޮތާއި ނުބައިގޮތް ވިސްނައިދީގެން” ޒީވާގެ އަޑުގައި ހުރި ސާބިތުކަން ޝީރީންގެ ޔަގީންކަން އިތުރުކޮށްދިނެވެ. ތުންފަތުގައި ދުވެލި ހިނިތުންވުމާއެކު ޝީރީން އެ ކޮޓަރިން ނުކުތީ ހިތްހަމަޖެހިފައި ހުރެއެވެ. ދަރިފުޅާމެދު ހިތުގައި އެއްވެސް ބުރަކަމެއްނެތިއެވެ.

ބުރަދުވަހެއްނަމަވެސް އަކްމަލް، ޒީވާއާ ވާހަކަދެއްކުމަށް އޮފީހުގައި އުޅެމުން ވެސް ވަގުތު ހޯދިއެވެ. ޝީރީންގެ ވާހަކަތައް ޒީވާގެ ފަރާތުން އަޑުއިވުމުން އަކްމަލްގެ އަޒުމް ވަރުގަދަވިއެވެ. ޒީވާގެ މައިންބަފައިންނަށް އޭނާއަކީ ހަރުދަނާ ރަނގަޅު ޒުވާނެއްކަން އަންގައިދޭން އޭނާ ބޭނުންވެއެވެ. އެކަން ސާބިތުކުރުމަށްޓަކައި ޝީރީން އޭނާއަށް އެ ފުރުޞަތު ދޭން ނިންމީތީ ވަރަށް ބޮޑަށް ހިތްހަމަވެސް ޖެހުނެވެ.

“ޒީވް އަހަރުމެންގެއަށް އަންނާނަން ދޯ، ދެން އިރުއޮއްސުނީމަ ދެމީހުން އެކުގައި ޒީވްމެން ގެއަށް ދާނީ، އެގޮތް ކިހިނެއްވާނެ” ފޯނުގެ އަނެއްކޮޅުގައި ހުރި ޒީވާއަށް އަކްމަލް ބުނެލިއެވެ.

“ތިގޮތް ރަނގަޅުވާނެ، އެކަމަކު މިހާރު މިހިތަށް އަރަނީ މާދަމާ ގެއިން ނުކުންނާނީ ކީކޭ ކިޔާފައި ބާއޭ، ޚާއްޞަކޮށް މަންމަ މިހާރު ވަރަށް ސުވާލު ގިނަވާނެ” ޒީވާ ބުނެލިއެވެ.

ޒީވާ ގާތު ދޮގު ހަދާށޭ ބުނާކަށް އަކްމަލްއަކަށް ނުކެރުނެވެ. އެހެންވެ ވަކިގޮތެއް ނިންމުމަށް އަކްމަލް ދޫކޮށްލީ ޒީވާއަށެވެ. ކޮންމެ ގޮތެއްވިޔަސް އޭނާ އެހުރީ މާދަމާ ޒީވާ އޭނާއަށް ފެންނާނެކަމުގައި ޔަގީންކޮށްގެންނެވެ. އަދި ފުރަތަމަ ފަހަރަށް ޒީވާގެ މައިންބަފައިންނާ އޭނަ ބައްދަލުކުރަން ދާނީ ލަބީބުގެ ވޮލުޓު ގެނެސްދިން ޒުވާނާގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި ލަބީބުގެ ދަރިފުޅާ ކައިވެނިކުރަން އުޅޭ ޒުވާނާގެ ގޮތުގައެވެ. ފޯނުކޯލު ނިންމާލުމާއެކު އަކްމަލް އޭނާގެ މަސައްކަތަށް އެނބުރިގަތެވެ.

“އަންގާވެސް ނުލާ ކޮންކަމެއް ނިންމާލަންތިއުޅެނީ” ފައިސަލްގެ އަޑު އިވުމާއެކު އޭނާއާ ދިމާލަށް އަކްމަލް ބަލާލިއެވެ.

“ކައިވެނިކުރަން ކަމަށް މިއުޅެނީ” ޖެހިލުމެއްނެތި އަކްމަލް ބުނެލިއެވެ.

“ސަމާސާކުރަނީތަ” ފައިސަލްއަށް ޔަގީންނުވާތީ ބުނެލެވުނެވެ.

“އަހަރެންމީ މާވަރަކަށް ސަމާސާކުރާމީހެއްތަ” ކުޑަކޮށް ހިނިއައިސްފައި އިނދެ އަކްމަލް ބުނެލިއެވެ.

“އެހެންވީރު ސައި އޮންނާނެތާ ދޯ، ކޮންއިރަކުން ވެޑިން އޮތީ” ފައިސަލް އިތުރަށް އޮޅުން ފިލުވާލުމަށް އަހާލިއެވެ.

“ކައިވެނިކުރަން ނިންމިއަސް އަދި ދުވަހެއް ކަނޑައެއްނޭޅޭ، އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ ދުވަސްވެސް ކަނޑައެޅޭނެ، ހުރިހާ ކަމެއް ހަމަޖެހުނީމާ ފައިސަލްއަށް ދައުވަތު ދޭނަން، ހާސްނުވޭ” އަކްމަލް ތަންކޮޅެއް ބޮޑަށް ހިނިތުންވެލާފައި އޭނާގެ މަސައްކަތް ކުރަން ފެށިއެވެ. ފައިސަލް ވެސް އިތުރަށް އެއްޗެއް ނުބުންޏެވެ.

އިރުއޮއްސެނިކޮށް ކޮލެޖުން ގެއަށް އައި ޒީވާއަށް ގޮތްނޭނގޭ ނަންބަރަކުން ކޯލުތަކެއް އަންނަން ފެށިއެވެ. ދެތިން ފަހަރަށް އެމީހަކު ގުޅުމުން ކޯލު ނަގާ “ހެލޯ” އޭ ބުނެލިއެވެ. އެއާއެކު އިވިގެންދިޔައީ ދަންނަ ވައްތަރުޖަހާ އަޑެކެވެ. އެހެންނަމަވެސް އެމީހަކު ވާހަކަދައްކަންފެށީ ޒީވާގެ ހިތް ނުރުހޭފަދަ ގޮތަކަށެވެ. އެހާ ހިސާބުން އެއީ ކާކުކަން ޒީވައަށް ވިސްނައިގަނެވުނެވެ.

“ކަލޭތަ؟ ކިހިނެއް މި ނަންބަރު ހޯދީ، އަހަރެން އުޅެނީ މީހަކާ ރަށްޓެހިވެގެން، ވަރަށް އަވަހަށް މެރީ ވެސް ކުރާނަން، އަހަންނެއް ނޫޅެން ކަލެއާ ގުޅޭކަށް” ޒީވާ އެއްނޭވާއިން މިހެން ބުނުމަށްފަހު ވަގުތުން ފޯނު ކަނޑާލިއެވެ. މޫނު ހަދާލުމާއެކު އެނދުމައްޗަށް ޒީވާ ވެއްޓިގަތެވެ. ދެން ވެސް އެމީހަކު އެތަށް ފަހަރަކު ގުޅިއެވެ. ނަމަވެސް ޒީވާ ފޯނެއް ނުނެގިއެވެ. ކުދި ކިޔާލަ ކިޔަލާ އޮވެފައި އޭނާ ތެދުވީ ޝީރީން އެ ކޮޓަރިއަށް އައިސް ނަމާދުކުރިތޯ އެހުމުގެ ކުރިން މަޤްރިބު ނަމާދު ކުރާށެވެ. ނަމާދަށް އިން އިރު ވެސް ފޯނަށް މެސެޖު އަންނަ އަޑުއިވެއެވެ. އެހެންނަމަވެސް ޒީވާ ފޯނު ބަލާލީ އިޝާ ނަމާދުވެސްކޮށް ނިމިގެންނެވެ. އަދި އޭނާ އޮތީ ބައްޕަ ކައިގެން ބަދިގެ ފަރާތުން ދަންދެން ކޮޓަރީގައި މަޑުކޮށްލަން ގަސްދުކޮށްގެންނެވެ. އެނދުގެ ހުރަހަށް އޮށޯވެލައިގެން އޮވެ ފޯނު ބަލާލިއިރު ވައިބަރ މެސެޖުތަކެއް އައިސްފާ ހުރުމުން ފުރަތަމަ ވެސް ޒީވާގެ ހިތަށް އެރީ އަކްމަލްއެވެ. އަވަސް އަވަހަށް ވައިބަރ ހުޅުވާލިއެވެ. އެއާއެކު ތެޅިގަނެފައި ފުންމައިގެން ޒީވާ ތެދުވެ ކޮޅަށް ޖެހުނެވެ. މޫނުމަތިން ހީވަނީ ބިރެއްފެނި ހުއްޓުން އަރާފައި ހުރިހެންނެވެ.

“ހައު ޑެއަރ ހިމް…” ރުޅިވެރިކަމާއެކު ޒީވާއަށް ބުނެލެވުނެވެ. އޭނާގެ ފޯނުގެ ސްކްރީނުން ފެންނަމުން ދިޔައީ ޚުދު އޭނާގެ އަމިއްލަ ފޮޓޯތަކެކެވެ. އެހެންނަމަވެސް އެއީ ބަރަހަނާކަން ބޮޑު ފޮޓޯތަކެކެވެ. މީހަކު ޒީވާގެ ފޮޓޯ ބޭނުންކޮށްގެން ހަދާފައި ހުރި ފޮޓޯތަކެއްކަން ޒީވާއަށް ޔަގީންކުރެވުނަސް އެ ފޮޓޯ ފެންނަ ދެވަނަ މީހަކަށް އެކަން ޔަގީންކުރާކަށް ނޭނގޭނެއެވެ. ރުޅި އައިސް ހާސްވިވަރުން ދަތްކުނޑިވިކާލަމުން ނިތްކުރީގައި އެއްއަތުން ހިފަހައްޓާލެވުނެވެ. އެމީހަކު އޮތީ ޒީވާއަށް އިންޒާރު ދީފައެވެ. ޒީވާއަށް އޭނާ ނޫން މީހަކާ ނީނދެވޭނެކަމުގައެވެ. ނޫނީ އެ ފޮޓޯތައް އާއްމުކޮށްލާނެކަމުގައެވެ. މައިންބަފައިން ހިތްހަމަނުޖެހިފައި ތިބި ވަގުތެއްގައި އިތުރު ކަމެއް ފެންމަތިވާން އުޅޭކަމުގެ އަލާމާތްތައް ފެނުމުން ޒީވާ އިތުރަށް ކަންބޮޑުވެ ހާސްވިއެވެ. އެ ފޮޓޯތައް ހިފައިގެން މައިންބަފައިންގެ ގާތަށް ދާކަށް ޒީވާއަކަށް ނުކެރޭނެއެވެ. އަނެއްކޮޅުން އެވާހަކަ ބުނާނީ ވެސް ކިހިނެއްކަމެއް ނޭނގުނެވެ. ސިކުނޑިއަށް އައީ ހަމަ އެންމެ މީހެއްގެ ނަމެވެ. އެއީ އަކްމަލެވެ. ޒީވާ ދައްކާ ހުރިހާ ވާހަކައެއް ޤަބޫލުކުރާނީ އޭނާއެވެ. މައިންބަފައިން ގާތު ފޮޓޯތަކުގެ ވާހަކަދައްކަން ނުކެރުނަސް އަކްމަލްއަށް ކިޔައިދެވިދާނެއެވެ. އެހެންނަމަވެސް އަކްމަލްގެ ފޯނަށް އަލުން އެ ފޮޓޯތައް ފޮނުވާކަށް ޒީވާ ބޭނުމެއްނޫނެވެ. އޭނާ ބޭނުންވަނީ އަކްމަލްގެ ގާތަށް އައިސް އެ ވާހަކަތައް ކިޔައިދޭށެވެ. އަކްމަލް އޭނާއަށް ކުރާ އިތުބާރު ގެއްލޭކަށް ޒީވާ ދުވަހަކުވެސް ބޭނުމެއްނުވެއެވެ.

ރޭގަނޑުގެ ކެއުމުގައި ވާފިރު ބައިވެރިވިއިރު މޭޒު ދޮށުގައި ހުރިހާ ދަރިން ހަމައަށް ތިއްބެވެ. މީގެކުރިން ނުފެންނަ ސުހާނާ، ވާފިރުގެ ލޮލުގައި އަޅައިގަތުމާއެކު އަނގައިން ނުބުނެއެއް ނީނދެވުނެވެ.

“ދަރިފުޅުވެސްތަ؟” ސުހާނާއަށް ބަލަހައްޓައިގެން އިނދެ ވާފިރު ބުނެލިއެވެ. އޭނާ ބުނަން ބޭނުންވަނީ ކީކޭކަމެއް ނޭނގުނުކަމުގައި ވިޔަސް ސުހާނާ ކުޑަކުޑަކޮށް ހިނިތުންވެލިއެވެ.

“ވާފިރު، އެމަންޖެ މިހާރު ރަނގަޅުވެއްޖެޔޭ، ދެން އަނެއްކާ އޭނަ ރުޅިއަރުވާލަން ނޫޅޭތި” ވާފިރުގެ ތަށްޓަށް ބަތްއަޅައިދެމުން ނަބީހާ ބުނެލިއެވެ.

“ދުވަސްތަކަކަށްފަހު ބައްޕަގެ ހިތަށް ހަމަޖެހުންލިބިއްޖެ، ސުހާނާ، ތިގޮތުގައި ދަރިފުޅު ހުންނަން ބައްޕަ ބޭނުންވަނީ، ޢާއިލާއާ ގުޅޭ ހަރުދަނާ ކުއްޖަކަށް ދަރިފުޅުވާން” ވާފިރުގެ އަޑުގައި އޯގާތެރިކަން އެކުލެވިފައިހުއްޓެވެ. އެހެންނަމަވެސް ސުހާނާގެ ދެއްކުންތެރިކަމުގެ ފުރަގަހުގައިވަނީ ކޮންކަމެއްކަން އެނގޭ ހަމަ އެކަކު ވެސް ނެތެވެ. އަކްމަލް އާއި އަދީލުގެ މޫނުމަތިން ހީވަނީ ސުހާނާ ބަދަލުވެދާނެކަން ޤަބޫލުނުކުރެވިފައި ތިބިހެންނެވެ. ކާމޭޒު ދޮށުގައި ހީނލާ ސަމާސާކޮށްލާއަޑު އެތައް ދުވަހަކަށް އިވިގެން ދިޔައެވެ. މައިންބަފައިންނާއި ދަރިން އެކުގައި ތިބެ ކާމޭޒުމަތީ އެތައް ވާހަކައެއް ދެކެވުނެވެ. އެންމެގެ ސަމާލުކަން ހުއްޓިފައި ހުރީ އަކްމަލްއަށެވެ. އޭނާ ކުރަން އުޅޭ ކައިވެންޏަށެވެ. ހުކުރު ދުވަހު ޒީވާ ގެންނަންވާއިރަށް އޭނާއަށް ކަމުދާނީ ކޮންކަހަލަ ކެއުމެއްތޯ ނަބީހާ އޮޅުންފިލުވަމުން ދިޔައެވެ. ސުހާނާ އިސްނަގާ ނަބީހާއަށް އެހީތެރިވާނަން ކަމުގައި ބުންޏެވެ. އަދި އޭނާގެ ފަރާތުން ޚާއްޞަ ފޮނިކާއެއްޗެއް ހަދައިދޭނަން ކަމުގައި ބުންޏެވެ. އެންމެންގެ ވާހަކަތަކުން ހީވަނީ، ޒީވާގެ އިންތިޒާރުގައި ހުރީ އަކްމަލް އެކަންޏެއް ނޫންހެނެވެ. އެ އެންމެން ވެސް މިހާރު ކުރާ އިންތިޒާރަކީ ޒީވާއާ ބައްދަލުވުމުގެ އިންތިޒާރެވެ. އަދީލު ހުރީ އޭނާއާ އަކްމަލް އިންނަން އުޅޭ ކުއްޖާ ފެންނާނޭތީވެ އެކަމަށް ތައްޔާރުވެގެންނެވެ. އިތުރަށް އަކްމަލްއާ ދިމާކޮށްލަން ލިބޭ ފުރުޞަތަކަށް އެކަން ވާނޭއޭ ހިތާއެވެ.

“ޒީވާ ކައިފިތަ” ބޭރުން އައިސް ސިޓިން ރޫމަށް ވަން ލަބީބަށް ސޯފާގައި އިން ޝީރީން ފެނުމުން އަހާލިއެވެ.

“ކައިފި، ވަރަށް ބުރަކޮށްލައިގެން އުޅެނީ ކޮންމެވެސް ފިލާވަޅެއް ހެދުމުގައި، ހީވަނީ ޓެސްޓެއް އަންނަނީހެން، ލަމްޔާ އާއެކު ގަލަމެއް ގަންނަން ގޮސްފައި ދެންމެއަކު އެއީ” ޓީވީއާ ނަޒަރު ވަކިކޮށްލި ޝީރީން ބުނެލިއެވެ. ލަބީބު އެކަމާ އެއްވެސް އެއްޗެއް ނުބުންޏެވެ. މަޑުމަޑުން އައިސް ސޯފާގައި އިށީނުމާއެކު ޓީވީގައި އަޅުވާފައި ހުރި ހިންދީ ޗެނަލް ދިވެހި ޗެނަލަކަށް ބަދަލުކޮށްލާފައި ޓީވީ ބަލަންފެށިއެވެ.

“މަދަމާ އެބަޖެހޭ އޮފީހުގެ ފަރާތުން ތިލަފުއްޓަށްދާން، އެ ވާހަކަ ބުނަން ހާޝީރު އަހަރެން އެ ގެންދިޔައީ” ލަބީބު ބުނެލިއެވެ.

“ހުކުރު ދުވަހުތަ، ދެން ޒީވާ… އޭނަ އިންނަން އުޅޭ ކުއްޖާ މާދަމާ ރޭ އަންނާނެ، އަނެއްކާ ލަބީބު އެކަމާ ނުރުހޭތީ ބަހަނާއެއްދެއްކީތަ” ޝީރީން ބުނެލިއެވެ.

“ނޫން، އެކުދިންނާ ބައްދަލުކުރަން ވެސް ބޭނުން، ހީވަނީ ރޭގަނޑު ހަތެއްޖަހާކަން ހާއިރުހެން މާލެ އަރަނީ، އެހެންވީމަ އަކްމަލްއާ ބައްދަލުވާނެއެންނު، ނާދެވެންޏާ އަހަރެން ގުޅާނަން” ލަބީބު ބުންޏެވެ.

އެނދުގައި ދެކޮޅަށް ފުރޮޅެމުން ދިޔަ ޒީވާއާ ނިދި ރުޅިވެފައި ވާކަހަލައެވެ. ހޭލާ އޮންނަން ބޭނުންނުވިޔަސް އޭނާއަކަށް ނުނިދުނެވެ. ސިކުނޑީގެ ހާސްކަންވަނީ އިތުރެވެ. ދޭތެރެއަކުން ތެދުވެ ކޮޓަރިތެރޭ ދެކޮޅަށް ހިނގާލައެވެ. މިގޮތަށް އުޅެނިކޮށް އޭނާގެ ޚަބަރު ހުސްވީ މީހާ ވަރުބަލިވެގެންނެވެ. އޭރު ކޮޓަރިތެރޭ އެނދު ކައިރީ ފިލާވަޅު ހަދަން ގެންގުޅުނު ފޮތްތައް ކިޔަންވެގެން ހުޅުވާލިގޮތަށް ހުއްޓެވެ. ޝީރީން އައިސް ފަތިސް ނަމާދަށް ގޮވީމާ ޒީވާއަށް ހީވީ ހަމަ ދެންމެ ލޯމަރާލިތަނާ ޝީރީން ގޮވިހެންނެވެ. ނިދިބަރުކަމާއެކު ހުރެ ފާޚާނާއަށް ވަދެ އިސްކުރުކަމަށް ފެންމާގަނޑު ދޫކޮށްލެވުނީ ވެސް ނިދި ބުރާންތި ކައިފައި ހުރިވަރުންނެވެ. ފަތިހުގެ ފިންޏާއިއެކު ފެންތިކިތައް އައިސް ޒީވާގެ ގައިގާ ޖެހުމާއެކު މީހާ ތެޅިގަނެފައި ދެލޯ ތަންމިނަށް ހުޅުވާލިއެވެ. އަދި އަވަސް އަރުވާލާފައި މާގަނޑު ބަންދުކުރަން އުޅުނެވެ. ހޭލެވުނީ ދެނެވެ. އޭރު ނިދާ ހެދުމުގެ އެއްފަރާތް އެއްކޮށް ތެމިއްޖެއެވެ.

ހެނދުނުން ފެށިގެން ޝީރީންގެ ކުރިމަތީ ޒީވާ އެނބުރުނީ ފޮތްތައް ހިފައިގެންނެވެ. ސިޓިން ރޫމުގައި އެތަށް އިރަކު ކިޔަވަން އިނދެފައި ކޮޓަރިއަށް ދިޔައީ ވެސް ރީމް އާއި ރުވާގެ ސަބަބުން އުނދަގޫވާތީ އޭ ކިޔާފައި ފިލާވަޅު ދަސްކުރާށެވެ. އެ މަންޒަރު ފެނި ޝީރީން ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. ބާރަޖަހަން އުޅެނިކޮށް ޒީވާ އައިސް ބަދިގޭ ދޮރުކައިރީ މަޑުކޮށްލަމުން ޝީރީނަށް ގޮވާލިއެވެ.

“މަންމާ، ވާހަކައެއް ބުނަންވެގެން” ޒީވާ ނުކެރިފައި ހުރިގޮތް ދައްކަމުން ބުނެލިއެވެ.

“ބުނެބަލަ، އެކަމަކު މަންމަ ޝޮކަށްދާވަރުގެ ވާހަކައެއް ނުބުނާތި، އެންމެފަހުން ވެސް ތިހެން ބުނެފައި، ބުނި ވާހަކައަކުން އަދިވެސް މިހިރީ ޝޮކުގައި” ޝީރީން ސާމާސާގޮތް އެކުލެވޭ ފަދަ ގޮތަކަށް ދަރިފުޅަށް ބުނެލިއެވެ. އޭރު އޭނާ ހުރީ ކާމޭޒުމަތީ ހުރި ތައްޓަކަށް ތައްޔާރުކޮށްފައި ހުރި ސަޓަނިކޮޅު އަޅާށެވެ.

“ހަސްބާ ގުޅާފައި ބުނެފި ހަވީރު ގުރޫޕް ސްޓަޑީ ހަދާތީ މެންދުރުކާންށާއިއެކު އެގެއަށް އަންނާށޭ، އަހަރެން ބުނިން މަންމަ ގާތުން ހުއްދަ ހޯދާފައޭ އެނގޭނީ އެއްޗެއް ބުނަން، މަންމަ ބޭނުމިއްޔާ ހަސްބާގެ މަންމައާ ވާހަކަދެއްކިދާނެ” ޒީވާ ބުނެލިއެވެ.

“ކިޔަވަންތަ، އެންމެ ރަނގަޅު ދިޔަޔަސް،އެކަމަކު މަންމަގެ އިތުބާރުގެއްލޭ ފަދަ ކަމެއް ނުކުރައްޗޭ” ޝީރީން ބުނެލިއެވެ.

ހެދީ ދޮގެއްކަން ޝީރީނަށް އެނގިދާނޭތީ ޒީވާ ހުރީ ވަރަށް ބިރުންނެވެ. ހަސްބާއަކީ އޭނާއާއެކު ކޮލެޖުގައި ކިޔަވަން އުޅޭ ކުއްޖެއްކަމަކު މިއިން އެއްވެސް ކަމެއް އޭނާއަކަށް ނޭނގޭނެއެވެ. ބިރުގަންނަނީ އެހެންވެއެވެ. ޝީރީން، ހަސްބާގެ މައިންބަފައިންނަށް ގުޅަން ބޭނުންވިނަމަ އޭނާ ބޭޒާރުވާނެކަން ޔަގީނެވެ. މަންމައާ ހިނިތުންވުމެއް ބަދަލުކޮށްލުމާއެކު މަޑުމަޑުން ފަސްފަހަތަށް ގޮސް ޒީވާ، ޝީރީންގެ ލޯމަތިން ގެއްލުނެވެ.

ވާފިރު އާއި ދެފިރިހެންދަރިން ހުކުރަށްދާން ނުކުތީ އެކީގައެވެ. އޭރު ކާއެއްޗެހީގެ މީރުވަހުން މުޅި ގޭގައި ހުވަނދުލާފައި އޮތްކަހަލައެވެ. ނަބީހާއަކީ ކެއްކުމުގެ ދާއިރާއިން މަތީ ފާސްތަކެއް ހޯދާފައިވާ މީހަކަށް ނުވިޔަސް އެކަމުގެ ހުނަރު ލިބިފައިވާ މޮޅު ކެއްކުންތެރިއެކެވެ. އޭނާގެ ހަށިގަނޑަށް އައި އެންމެ ބޮޑުބަދަލާ ގުޅިފައިވެސް ވަނީ ކެއްކުމެވެ. ތަފާތު ވައްތަރުގެ ކާނާ ތައްޔާރުކޮށްގެން ގޭގައި އިނދެ ކެއުން ނޫންކަމެއް އޭނާއަށް ނުކުރެވެއެވެ. ސުފުރާމަތި ފެނިފައި ނަބީހާ ހިތްހަމަޖެހޭވަރުވިއެވެ. އެހެންނަމަވެސް އޭނާއަށް އަތްގާތްކޮށްދޭން އުޅުނު ސުހާނާގެ ގާތު ޝަކުވާކޮށްލީ ކާމޭޒު ކުޑަވެގެންނެވެ. އެގޭގައި އުޅެނީ ފަސްމީހުންކަމުގައި ވިޔަސް މިހާރު ހުރި ކާމޭޒަކީ އަށްމީހުންނަށް އިށީނދެވޭވަރުގު ދިގު މޭޒެކެވެ. އެވަރު ވެސް މިއަދު ނަބީހާއަށް ކުޑަވީއެވެ. ތެދެކެވެ. ސުފުރާމަތީ ތަފާތު ބާވަތްތައް އަތުރާލާފައި އޮތްއިރު ބޮޑު ޖާފަތެއްދޭން ތައްޔާރުވެފައި އޮތް ކަހަލައެވެ. ބޮޑު ޖާފަތަކަށް އެ މޭޒުމަތި ފެންނަނީ ކުޑަހެންނެވެ.

“މަންމާ، މޭޒުގައި ތަންކޮޅެއްނެތްއިރު މިހާރު ތިތަށިތައް އަތުރަން އުޅޭނެކަމެއްނެތް، ފޮނި އެއްޗެހި އަޅާނީ ކައިނިމުނީމަ ބައެއްތަށިތައް ނަގާފައި” ނަބީހާ ކުދިތަށިތަކަށް ކަސްޓަޑް އަޅަން އުޅުމުން ސުހާނާ ބުނެލިއެވެ.

“އާން! ނެތޭ ދޯ ބަހައްޓާނެ ތަންކޮޅެއް ވެސް، ހޫން! ދެން ދޭ ފެންވަރާ ތައްޔާރުވާން، އެމީހުން ހުކުރުން އަންނަންވާއިރަށް ޒީވާ ވެސް މިގެއަށް އަންނާނެހެން ހީވަނީ، މަވެސް މިދަނީ ފެންވަރާލަން” އުނަގަނޑުގައި ދެއަތްވިއްދާލަމުން ވަށައިގެން ބަލާލާފައި މޭޒުކައިރީ ހުރި ސުހާނާއަށް ބުނެލިއެވެ. ނަބީހާ ފަހުފަހަރަށް ބަލާލީ އެއްވެސް ކަމެއް ނުކޮށްދޫކޮށްލެވިފައި ހުރިތޯ ޔަގީން ކުރުމަށެވެ. ސުހާނާ ބަދިގެ ފަރާތުން ނުކުމެގެން ދިޔަތާ ގިނައިރެއްނުވެ ނަބީހާ ވެސް އައިސް އޭނާގެ ކޮޓަރިއަށް ވަނެވެ.

ސައިކަލަށް އަރަމުން ޒީވާ ފަސްއެނބުރި ބަލާލީ ގޭގެ ދޮރޯށި ދޮށުގައި މީހަކު ހުރިތޯ ބަލާލުމަށެވެ. މަންމައަށް ދޮގުހަދާފައި ގެއިން ނުކުމެގެން ދާންޖެހޭތީވެ އޭނާވަނީ ހިތްނުތަނަވަސްވެފައެވެ. ތިރީތުންފަތުގެ އެއްކޮޅުން ހަފާލަހަފާލާ ހުރެ ސައިކަލު ސްޓާޓްކޮށްލީ ބިރުން އިންފަދަ ގޮތަކަށެވެ. އެހެންނަމަވެސް ގެއާ ދުރަށް ސައިކަލު ދާވަރަކަށް އޭނާގެ ސިކުޑީގައި އަކްމަލް އާއި އޭނާގެ ޢާއިލާމެންބަރުންގެ ޚިޔާލު އެނބުރެންފެށިއެވެ. ޒީވާ ބޭނުންވާވަރަށް މަގުމައްޗަށް ސަމާލުކަން ނުދެވުނަސް، ހުކުރުވަގުތަށް ވާތީ މަގުތަކުގައި މީހުން ވަރަށް މަދެވެ. އެހެންވެ ފަސޭހަކަމާއެކު ގިނައިރުތަކެއްނުވެ އަކްމަލްގެ ގެއާ ހަމައަށް އާދެވުނެވެ. އެ ގޭ ކުރިމައްޗަށް ވާގޮތަށް މަގުގެ އަނެއްފަރާތުގައި ސައިކަލު ޕާކުކުރުމަށްފަހު އަކްމަލްގެ ފޯނަށް ޒީވާ ގުޅީ އެގެއަށް ވަންނަން ނުކެރިގެންނެވެ.

“ޒީވް” ފޯނު ނެގުމުގެ ކުރިން ޒީވާގެ ކަންފަތުގައި އަކްމަލްގެ އަޑުޖެހުނެވެ. އޭރު ދޮރުމަތީ ހުރެ އަކްމަލް އަތުން އިޝާރާތްކުރަމުން ދިޔައީ އޭނާގެ ގާތަށް އަންނާށޭ ބުނާ ފަދައިންނެވެ. ޒީވާ ސައިކަލުގައި އިން ތަޅުދަނޑިނަގަމުން އަކްމަލްއާ ދިމާލަށް ހިނގައިގަތީ މަގުގެ ދެކޮޅު ވެސް ބަލާލާފައެވެ.

“ޒީވްގެ އިންތިޒާރުގައި އެންމެން އެބަތިބި” ހިތްއަވަސްވެފައި ހުރި ފަދަ ގޮތަކަށް ގާތަށް އައި ޒީވާގެ އަތުގައި ހިފައި ދަމާލަމުން އަކްމަލް ބުނެލިއެވެ. އެއާއެކު ހިނިތުންވެލަން ޒީވާ މަސައްކަތްކުރިއެވެ. އެހެންނަމަވެސް ހިތުގެ ތެޅުންވަނީ އަވަސްވެފައެވެ. މިއީ އަކްމަލްގެ ޢާއިލާއާ ބައްދަލުވާ ފުރަތަމަ ފަހަރެއްނޫނެވެ. އެކަމަކު ޒީވާއަށް މިއަދު ވެސް އިޙުސާސްކުރެވެނީ އެފަދަ ގޮތެއްހެންނެވެ. އަތްފައި ފިނިވުމާއި ހިތްއަވަސްއަވަނީ ޢާއިލާގެ ހުރިހާ މެންބަރުންނާ އެއްފަހަރާ ބައްދަލުކުރަންޖެހޭތީ ކަމަށް ވެސް ވެދާނެއެވެ. ކޮންމެގޮތެއްވިޔަސް އޭނާ އަކްމަލްއާއެކު ގޭތެރެއަށް ވަދެގެން އައެވެ.

ސިޓިން ރޫމު ސޯފާގައި ތިބި އަކްމަލްގެ ޢާއިލާމެންބަރުން ހީނ ސަމާސާކުރާ އަޑު ދޮރޯށިވަނުމާއެކު ޒީވާއަށް އިވުނެވެ. ވާފިރު އާއި އަދީލު ގޭގެ އަންހެންވެރިންނާ ދިމާކުރާފަދަ ގޮތަކަށް ކާއެއްޗެހީގެ ރަހަހުންނާނެ ގޮތާމެދު މަޝްވަރާކުރަންތިއްބެވެ. ސުހާނާއަށްވުރެ ބޮޑަށް އެކަމާ ރުޅި ގަދަވަނީ ނަބީހާއެވެ. އޭނާ އެ ދެބަފައިން ކިޔާ އެއްޗިއްސަށް ވަގުތުން ރައްދުދެމުންދިޔައެވެ. ނަބީހާގެ ދޫ ކުއްލިއަކަށް ބަންދުވެ ސިޓިން ރޫމު ދޮރާދިމާލަށް ނަޒަރު ހުއްޓުނެވެ. އަދި އޭނާގެ ތުންފަތަށް ވެރިވި ހިނިތުންވުމާއެކު ދެންތިބި އެންމެންގެ ނަޒަރު ވެސް ދޮރާ ދިމާލަށް ހުއްޓިގެން ދިޔައެވެ. އެހިނދު ސޯފާގައި އިން އަދީލަށް ކުއްލިއަކަށް ތެދުވެވުނެވެ. އަދީލު ފެނުމާއެކު ޒީވާއަށް ވެސް ހުއްޓުންއެރިއެވެ. އަކްމަލް، ޒީވާގެ އަތުގައި ހިފައި ކުރިއަށް ދަމާލަމުން ނިތްއެއްލީ، ކިހިނެއްވީތޯ އަހާލާ ފަދަ ގޮތަކަށެވެ. ޒީވާއަށް ހުއްޓުންއެރީ އަދީލު ފެނުމުންކަމެއް އަކްމަލްއަކަށް ނޭނގެއެވެ. ވަގުތުން އަދީލުގެ ދޫބަންދުވުމާއެކު އިސްޖަހާލަމުން ސޯފާކައިރިން ދުރަށް ހިނގައިގަތީ މާޔޫސްވެފައި ހުރެއެވެ.

“އަދީލު، ދަނީތަ؟، ޒީވާ ވެސް އައީއެންނު، ހިނގާ ހުރިހާ ކުދިން އެއްކޮށް ކާން، އާދޭ” ހިނިއައިސްފައި އިން ވާފިރު ބުނެލިއެވެ. މީގެ ކުޑައިރުކޮޅެއްކުރިން ބަނޑުހައި ހުރި ވާހަކަދައްކައިފައި މިހާރު ނުކައި ދިއުމުން އެންމެންގެ މެދުގައި ސުވާލުތަކެއް އުފެދިދާނޭ އަދީލު ހިތަށްއެރިއެވެ. އެހެންވެ ބޯޖަހާލަމުން އޭނާ ހިނގައިގަތީ އެންމެންގެ ފަހަތުންނެވެ. އޭރު އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ޒީވާގެ އަތްތިލައަށެވެ. އެއަތްތިލާގައި އަކްމަލް ހިފާލައިގެން ހުރި ގޮތަށެވެ. ދެބުމަގޮށްޖަހާލެވުމާއެކު އެއްފަރާތަށް ތުންއަނބުރާލެވުނީ ބޭއިޙްތިޔާރުގައި ކަހަލައެވެ. އޭގެ އިތުރުން އޭނާ ޒީވާއަށް ފޮނުވި ފޮޓޯތައް މަތިން ހަނދާންވީ ދެނެވެ. ޒީވާއަށް ފޮނުވި އިންޒާރުތަކެވެ. މަޖުބޫރުން ވިޔަސް ޒީވާގެ ލޯބި ހޯދަން ބޭނުންވެފައި ހުއްޓާ އޭނާއަށް މި ލިބުނީ ކިހާ ބޮޑު ކެއްސެއް ހެއްޔެވެ. އަމިއްލަ ޟަމީރަށް މަލާމާތް ރައްދުވިކަހަލައެވެ. އޭނާގެ އަރުގައި މިއަދު ނޫނީ އަދި ނާކާމިޔާބީގެ ރަހައެއްނުލައެވެ. އަދީލަކީ އަބަދުވެސް ކާމިޔާބު މީހެކެވެ. އެހެންނަމަވެސް މިއަދު އެ ހުރިހާ ކާމިޔާބުކަމެއް އެއްވެސް އެއްޗަކަށް ނުވިއެވެ. އޭގެ ބަދަލުގައި ހިތުގައި އުފެދުނު ރިހުން މާ ވަރުގަދައެވެ. ދެރަވުމަށްވުރެ އައީ ރުޅިއެވެ. އެހެންނަމަވެސް ރުޅި އަންނަންވީ ކާކުދެކެ ކަމެއް އޭނާއަކަށް ނޭނގުނެވެ. އަކްމަލްއަކީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. އަދީލުގެ ހިތުގައި ޒީވާއަށް ޚާއްޞަ މަޤާމެއް ދެވިފައިވާކަމެއް އޭނާއަކަށް ނޭނގޭނެއެވެ. އަނެއްކޮޅުން ޒީވާ، އަކްމަލް ގާތު އޭނާއާ ބެހޭ އެއްވެސް އެއްޗެއް ބުނެފާނެތީ އެކަމާ ވެސް އަދީލަށް ވިސްނާލެވުނެވެ.

“އިށީނދޭ” އޯގާތެރި ގޮތަކަށް މިހެން ބުނެ ޒީވާގެ ކޮނޑުގައި ނަބީހާ ފިރުމާލިއެވެ. އޭނާއާ ޖެހިގެން އަކްމަލް އިށީންއިރު ކުރިމަތީ ނަބީހާ އާއި ސުހާނާ ތިއްބެވެ. ޒީވާއާ ކައިރިން މޭޒުގެ ކޮޅުގައި އިނީ ވާފިރެވެ. އަދީލު އިނީ އަކްމަލްއާ ޖެހިގެން ޒިވާއަށް ނިވާވެގެން އިން ކަހަލަ ގޮތަކަށެވެ. ފަރާތްފަރާތަށް ނަޒަރު ހިންގާލަން ބޭނުންނުވެފައި އިނެއްކަމަކު މޭޒުމަތީ އަތުރާފައި ހުރި ތަފާތު ވައްތަރުތައް ޒީވާއަށް ފާހަގަކުރެވުނެވެ. އެންމެ ފުރަތަމަ ފެށީ ވާފިރުއެވެ. އޭގެ ފަހުގައި އޭނާ ޒީވާގެ ގާތުގައި ފެށުމަށް އެދުނެވެ. އެއާއެކު ސުހާނާ އާއި ނަބީހާ ވެސް ކިޔަންފެށިއެވެ.

“އެންމެފަހުން މިގެއަށް އައި ދުވަހު ވެސް އަހަންނާ ބައްދަލެއްނުވެއެންނު ދޯ، އަހަންނަށް ކިޔަނީ ސުހާނާ، އަކްމަލްގެ ދައްތަ” ސުހާނާ އަމިއްލައަށް ކުރު ތަޢާރަފެއް ދިނެވެ.

“މީ ދޮންބެ، އަދީލު… ޒީވްއާ ބައްދަލުކުރަން ވަރަށް ބޭނުންވެފައި ހުރީ، އެހެންމަޑުމަޑުން އިނަސް ދޮންބެއަކީ އެކަހަލަ މީހެއްނޫން، ޒީވް ވަރަށް ވިސްނައްޗޭ” އަކްމަލް އޭނާގެ ހަށިގަނޑު ފަހަތަށް ޖައްސާލަމުން ކައިރީގައި އިން އަދީލަށް އިޝާރާތްކުރިއެވެ. އަދި އޭނާ ބުނި އެއްޗަކުން ވާފިރު ހޭންފެށިއެވެ. ނަމަވެސް ޒީވާއަށް އަކްމަލްގެ އެ ބުނިއެއްޗެއްގެ ތެދުކަން ޤަބޫލުކުރެވުނެވެ.

ހަދާފައި ހުރި ކޮންމެ ވައްތަރަކުން އެތިކޮޅެއް ޒީވާއަށް ރަހަބަލަންޖެހުނެވެ. އެހެންވެ ދުވަހަކު ވެސް މީގެ ކުރިން ނުކާވަރަށް މިއަދު އަކްމަލްމެންގެއިން ޒީވާއަށް ކާންޖެހުނެވެ. ޒީވާ އެގެއަށް އަތުވެއްޖެއްޔާ އަކްމަލްގެ މަންމަ އޭނާއަށް ކާންދީ ކާންދީ ހަށިގަނޑުގެ ބައްޓަން ނޭނގޭވަރު ކުރާނެއޭ ޒީވާގެ ހިތަށް ވަނީ އެހެންވެއެވެ. ކާންޖެހުނުލެއް ގިނަކަމުންނެވެ. އެއްފަހަރާ އެހާ ގިނައިން ކެއުމުން ޒިވާގެ ހަށިގަނޑު ލޮޑުވާގޮތްވިއެވެ. ބޭނުންވީ ހަށިގަނޑު ދަމާލާށެވެ. އެހެންނަމަވެސް އެއީ އޭނާގެ އަމިއްލަ ގެއެއް ނޫނިއްޔާއެވެ. އެއްޗެއް ނުބުނެ އަކްމަލް ބުނާހާ ގޮތެއް ހަދަމުން ޒީވާ ހަދަމުން ދިޔައިރު ދުރު ދުރުން އަދީލު އޭނާގެ ހަރަކާތްތަކަށް ބަލާކަން ފާހަގަކުރެވުނެވެ.

“ކޮންއިރަކުންތަ ތިކުދިން ދުވަހެއް ކަނޑައަޅާނީ، އޭރުންތާ ބައްޕަމެންނަށް ތައްޔާރުވާން އެނގޭނީ ވެސް ދޯ ނަބީހާ” ދުފާލައިގެން ސޯފާގައި ހަމަޖެހިލައިފައި އިން ވާފިރު އަހާލިއެވެ.

“ޒީވް ކިޔަވާ ނިމުނީމަ އެކަމާ ވިސްނާނީ” ޒީވާއަށް ބަލާލަމުން ހިނިތުންވެލި އަކްމަލް ބުނެލިއެވެ.

“އެހާ އަވަސް އަރުވާލާފައި ކުރުމަށްވުރެ ހަމަޖެހިގެން ކައިވެނީގެ ކަންތައްތައް ކުރަން ބައްޕައަށް ވެސް ފެންނަނީ، އެކަމަކު ބުނަން، ކައިވެންޏެއް ކުރަންވާނީ ވަރަށް ވިސްނާފައި، ވަރީގެ ސަކަރާތްޖަހާތަން ދެކޭކަށް ބައްޕަ ބޭނުމެއްނޫން، ދެކުދިން ކައިވެނިކުރަން ނިންމީ ރަނގަޅަށް ވިސްނާފަތަ، ޔަގީންތަ އެކުގައި އުޅެވޭނެކަން” ވާފިރު، އަކްމަލް އާއި ޒީވާއަށް ވަކިވަކިން ބަލާލިއެވެ. އެއާއެކު އެ ދެމީހުން ވެސް ވާފިރަށް ބަލާލަމުން ބޯޖަހާލީ ވަރަށް ޔަގީންކަމާއެކުއެވެ. އެ އިޝާރާތުން ވެސް އެ ދެކުދިންގެ ދެމެދު އޮތް ލޯތްބާއި ގާތްކަން ކިޔައިނުދިނަސް ވާފިރަށް އެނގުނެވެ.

“ދެން ބައްޕަމެން ކައިވެނީގެ ވާހަކަދައްކާ ޒީވާ ރަކިކޮށްނުލާ ދޫކޮށްލަބަލަ، ޒީވާ، ހިނގާ އަހަންނާއެކު، އަކްމަލްގެ ކުޑައިރުގެ ފޮޓޯތައް ބަލާލަން، އޭނާ މިހާރު ސްމާޓްވެފައި ކިތަންމެ ހެންޑްސަމްއަސް އެއީ މަންމަގެ ޝުގަރ ކޭންޑީ” ހީނލާފައި ސުހާނާ ތެދުވެގެން އައިސް ޒީވާގެ އަތުގައި ހިފިއެވެ. އަކްމަލް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ނަބީހާ ވެސް ސުހާނާއާއެކު ދާން ބޭނުންވިއެވެ. ކީއްވެކަމެއް ނޭނގުނަސް އެމީހުންނާއެކު ޒީވާ އެކަނި ދޫކޮށްލާކަށް އަކްމަލް ބޭނުމެއްނުވިއެވެ.

“އެއީ އަހަރެންގެ ކުޑައިރެންނު، އެހެންވީމަ އޭރު ކޮންމެގޮތަކަށް ހުއްޓަސް ދެޓް ޑަޒަންޓް ކައުންޓް” ސުހާނާމެންގެ ފަހަތުން ހަލުވިކޮށް އައި އަކްމަލް ބުނެލިއެވެ. އެއަޑުއެހުމެއްނެތި ސުހާނާ، ޒީވާ ގޮވައިގެން އައިސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އޭނާގެ ފަހަތުން ނަބީހާ އައިސް ވަންއިރު އަކްމަލްއަށް ވަދެވުނީ އެންމެފަހުންނެވެ.

ޢާއިލާގެ ފޮޓޯ އަލްބަމް ސުހާނާގެ އަލަމާރިން ނެގުމުން ޒީވާއަށް ހީވީ އޭނާގެ ޢާއިލާ ފަދައިން އަކްމަލްގެ ޢާއިލާގައި ވެސް ކަންކަން ރާވާ ބަލަހައްޓަނީ ސުހާނާހެންނެވެ. ކުރިން ފެނުނު ސުހާނާއާ މިހާރު ޒީވާއާއެކުގައި އުޅޭ ސުހާނާ ތަފާތުކަން ޚުދު އޭނާއަށް ވެސް ފާހަގަކުރެވުނެވެ. ސުހާނާގެ އެ ބަދަލު ޒީވާއަށް ވަރަށް ކަމުދިޔައެވެ. އެގެއަށް ކައިވެނިކޮށްގެން އައުމުގެ ހުވަފެންތައް މިހާރުއްސުރެ ޒީވާ ދެކެންފެށިއެވެ. ސުހާނާ ފަދަ ދައްތައަކާއި ނަބީހާ ފަދަ މަންމައަކާއެކު އެގޭގައި އުޅުމަކީ ޒީވާއަށް ދަތިކަމެއްނޫނޭ އޭނާގެ ހިތް ބުންޏެވެ.

“ބަލާބަލަ ޒީވާ، މީ އަކްމަލް ރޯލި ދުވަހެއް، މި ފޮޓޯ ނެގިއިރު ވެސް ރޮނީ” ސުހާނާ އަލްބަމްގެ ތެރެއިން ނަގާފައި ދިއްކޮށްލި ފޮޓާ ޒީވާ ބަލާލިއެވެ. ގާތުގައި ހުއްޓިލައިގެން ހުރި އަކްމަލްއަށް ފޮޓޯ ފެނުމާއެކު ޒީވާގެ އަތުން ޖަހައިގަތެވެ.

“މި ފޮޓޯ ބަލާކަށް ނުވާނެ” އަކްމަލް އަވަސް އަވަހަށް ބުނެލިއެވެ. ޒީވާ ހިނިއައިސްފައި އަކްމަލްއަށް ބަލާލީ އޭނާއަށް ވީގޮތުންނެވެ. އެއީ އަކްމަލް ހިތާނަކޮށްފައި އޮއްވާ ނަގާފައި އޮތްފޮޓޮއެކެވެ. ސުހާނާ ބުނިހެން ފޮޓޯގައި އަކްމަލް ރޯކަން އެނގެން ހުއްޓެވެ. ފިރިހެނެއްކަމަކު އަކްމަލް ލަދުގަތީހެން ޒީވާއަށް އޭނާގެ މޫނުމަތިން ހީވިއެވެ. ފަހަތަށް ދެއަތްލައިގެން އަކްމަލް ހުރީ ފޮޓޯ ފޮރުވަންވެގެންނެވެ.

“ފަހުން ފޮޓޯތައް ބަލާނީ، މަންމާ، ޒީވް އަހަންނާއެކު މިގެންދަނީ” ކުއްލިއަކަށް އަކްމަލް އައިސް ޒީވާގެ އަތުގައި ހިފާލަމުން އަނެއްއަތުން ފޮޓޯގަނޑު ސުހާނާގެ އެނދުމައްޗަށް އެއްލިއެވެ. ނަބީހާ ހޭންފެށުމާއެކު ސުހާނާ ވެސް ފެށި ހޭށެވެ. އަކްމަލް އަވަސް އަވަހަށް ޒީވާގެ އަތަށް ދަމަމުން ކަހަލަ ގޮތަކަށް އެ ކޮޓަރިން ނެރެގެން ދިޔައެވެ.

“އައި ލަވް ޔޫ…” ބެލްކަނީގެ ރެއިލިންގައި ދެއަތްއަޅުވާލި އަކްމަލްއާ ގާތްވެލަމުން ވައިއަޑުން ކަހަލަ ގޮތަކަށް ޒީވާ ބުނެލިއެވެ.

“އަހަރެން އުފަލުންގޮސް ޒީވް އުރާލަން ބޭނުންވަނީ، މުޅި ދުނިޔެއަށް ޒީވްދެކެ ލޯބިވާވަރު ހާމަކުރަން ބޭނުންވޭ، ލޯބިންގޮސް މި ދެއަތުގެތެރޭ ފިއްތާލަން ބޭނުންވަނީ… އޯ ޒީވް، އަހަންނަށް މިވަގުތު ނޭނގޭ ޒީވްއަށް ކޮށްފަ ނުކުރާނީ ކީއްކަމެއް، ހަޤީޤަތުގައި ވެސް އަހަރެން މޮޔަވެއްޖެ، ބިރުގަނޭ މިހާ ވަރަށް ލޯބިވާން ވެސް….” އުފަލުން ހުރެ އަކްމަލްއަށް ޒީވާގެ ކޮނޑުގައި ދެއަތުން ހިފައި ބާރުކޮށްލަމުން އޭނާއާ ދިމާލަށް ކުޑަކޮށް އުފުލާލިއެވެ. އެ ދެލޮލުން އަކްމަލް، ޒީވާއަށް ބޭނުންވާވަރު ފެނިގެންދިޔައެވެ.

“އެހެމް! އެހެމް!…” މީހަކު ކަރުކެހިލި އަޑުއިވިގެން އެ ދިމާލަށް އަކްމަލް އާއި ޒީވާއަށް ބަލާލެވުނީ އެކުއެކީއެވެ.

“ހިނގާބާ ކޮޓަރިއަށް” އަދީލު ފެނުމާއެކު އޭނާއަށް ފުރަގަސް ދެމުން ޒީވާ، އަކްމަލްއަށް ބުނެލިއެވެ. އަކްމަލްއަށް ހީވީ ޒީވާ ހުރީ އޭނާއާއެކު އެކަނިވެލަން ބޭނުންވެފައި ކަމަށެވެ. އެހެންވެ މަޑުކުރުމެއްނެތި ޒީވާ ގޮވައިގެން އައިސް އޭނާގެ ކޮޓަރިއަށްވަނެވެ.

އަކްމަލްގެ އެނދުގައި އިށީނދެލައިގެން ޒީވާ އިންއިރު ހީވަނީ ކޮންމެވެސް ކަމަކާ ފިކުރުކުރާހެންނެވެ. އަކްމަލް އައިސް އެނދުގައި އޭނާގެ ގާތުގައި އިށީނުމުން ވެސް ބަލައެއް ނުލިއެވެ. އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެން އިންގޮތަށް އިނީއެވެ. ފައިކޮޅު ތިރިއަށް އެލުވާލައިގެން އަކްމަލް އެނދުގައި ޖައްސާލިއެވެ. އަދި ޒީވާގެ އަތުގައި ހިފާ އޭނާއާ ދިމާލަށް ދަމާލިއެވެ.

“ޒީވް، އާދެބަލަ… ކޮންކަމަކާ ތިވިސްނަނީ، މިރޭ ޒީވްމެންގެއަށް ދިޔައީމަ ވާނެގޮތަކާމެދުތަ؟ އެކަމާ އެހާ ބޮޑަށް ނުވިސްނާ، ބައްޕަ އޯކޭ ވެދާނެ އަހަރެން ވާހަކަދައްކަނިކޮށް، ސޯ ޕްލީޒް، މިހާ ލޯބި ވަގުތުކޮޅެއް ސްޕޮއިލް ނުކުރޭ” ޒީވާގެ އަތުގައި ހިފައި ދަމާލުމުން ވެސް ޒީވާ އޭނާގެ ގާތަށް ނައިތީ އަކްމަލް ބުނެލިއެވެ.

“އެކަމަކާ ނޫން މި ވިސްނަނީ، އަކްމަލް، އަހަރެން ލޯބިވަނީ ހަމައެކަނި އަކްމަލްދެކެ، އަކްމަލްއާ ވަކިވާކަށް ދުވަހަކުވެސް އަހަރެން ނުވިސްނަން، އަކްމަލް އަހަންނާ ކައިވެނިކުރަން ނިންމި ދުވަހަކީ އަހަރެންގެ ހަޔާތުގައި ވެސް އައި އެންމެ އުފާވެރި ދުވަސް، އަހަރެންގެ މައިންބަފައިންނަށްފަހު އެހާ މަތިވެރި ޤަދަރެއް ކުރެވުނު ފަރާތަކީ ތީ، އަކްމަލް އަހަންނާމެދު ކުށްހީއެއްކޮށްފާނޭތީ އަހަރެން ބިރުގަނޭ… އަހަރެން ބޭނުމެއްނޫން އަހަރުމެން ދެމީހުންގެ ސާފު ގުޅުމުގައި ކުންޏެއް ޖެހޭކަށް” ޒީވާ ވާހަކަދައްކަމުން މަޑުމަޑުން އައިސް އަކްމަލްގެ އަތުގައި ބޯއަޅާލަމުން އޮށޯތެވެ.

“ޒީވްއަށް އެނގެއެންނު އަހަރެން ޒީވްއާ ދުރަކަށް ނުދާނެކަން، އަހަރެން ޒީވްއަށް އިތުބާރުކުރަމޭ، އެހެންވީމަ ކުންޏެއް ކީއްކުރަން ލަނގަނޑެއް ވެސް ނުޖެހޭނެ… ޒީވް މާބޮޑަށޭ ކަންތައްތަކާ ތި ވޮރީ ކުރަނީ” އަކްމަލް އޭނާގެ ވާހަކަތައް ނެގީ ވަރަށް ލުއިކޮށެވެ. އެއީ ޒީވާ ބޭނުންވި ގޮތެއް ނޫނެވެ. އިރުކޮޅަކު އަނގައިން ނުބުނެ އޮތުމަށްފަހު ޒީވާ ފޯނު ހުޅުވާލިއެވެ. އަދި ވައިބަރގައި ހުރި ފޮޓޯތަށް އޭނާ އަކްމަލްއަށް ދައްކާލިއެވެ. ޒީވާގެ ފޯނުގައި ހިފިގޮތަށް ފުންމައިގެން އަކްމަލްއަށް ތެދުވެވުނެވެ.

“މީ ކާކު ފޮނުވިއެއްޗެއް” އަކްމަލްގެ މޫނުގައި ހޫނު އެތިފަހަރެއް މީހަކު ވިހެލިކަހަލައެވެ. ދެބުމަ ކައިރިވުމާއެކު ނިތަށް އެތަށްރޫތަކެއް ޖެހުނެވެ. ދެލޮލުން ނުރުހުމުގެ އަސަރު ފާޅުވެގެން ދިޔައެވެ. ދެން ހުރި ފޮޓޯތަކާއި ފޮނުވާފައި ހުރި މެސެޖުތައް ކިޔާލިއެވެ. އެއްޗެއް އަހަން ޒީވާއާ ދިމާލަށް އެނބުރިފައި ވެސް އޭނާ އަލުން އަތުގައި އޮތް ޒީވާގެ ފޯނަށް ބަލާލިއެވެ. އަނެއްކާ ވެސް މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ހައިރާންކަން ލިބިފައި އިނދެ ޖީބުގައި އޮތް ފޯނުނަގާ އޭނާގެ އަމިއްލަ ފޯނުގައި ހުރި ނަންބަރު ލިސްޓު ބަލާލިއެވެ. ހީވީ ކަމެއް ޔަގީންކޮށްލިހެނެވެ. ދެއަތުގައި އޮތް ދެފޯނަށް ބަލަން އިނދެފައި އޭނާ އިސްޖަހާލީ މާޔޫސްކަމާއެކުއެވެ. ދެލޯ މަރާލަމުން ދަތްކުޑިވިކާލެވުނުކަން އޭނާ ޒީވާއަށް ފެންނާކަށް ބޭނުމެއްނުވިއެވެ. އެހެންވެ ދެކަކުލުގައި އުޅަންބޮށި ވިއްދާލަމުން އިސްޖަހާލިއެވެ.

“އަކްމަލް، އެއީ އަހަންނެއްނޫން… އެއީ އަހަރެންގެ މޫނު ލައިގެން ހަދާފައި ހުރި ފޮޓޯތަކެއް” ޒީވާ ބުނެލިއެވެ.

“މީތަ ޒީވްއަށް އުނދަގޫކުރާ އާދީއަކީ” އިސްޖެހިފައި އިން އަކްމަލް މަޑުމޮޅިގޮތަކަށް އަހާލިއެވެ.

“އާން! އޭނާގެ އަޑުއިވުމުން އަހަންނަށް ޔަގީންވި އެއީ އެނާކަން، އެފަދަ ހުތުރު އެއްޗެހި އޭނާ ނޫން މީހަކު ނުކިޔާނެ، އަހަރެންގެ ނަންބަރު ހޯދީ ކިހިނެއްކަމެއް ވެސް ނޭނގޭ” ޒީވާ ބުނެލިއެވެ. އޭނާގެ ބޭނުމަކީ އަކްމަލް އާއި އަދީލްގެ ދެމެދުގައި ބޮޑު ހަނގުރާމައެއް ފެއްޓުމެއްނޫނެވެ. އެހެންނަމަވެސް ޒީވާގެ ބަރަހަނާ ފޮޓޯތަކެއް މީހަކު ގެންގުޅުމަކީ އެކަން އަކްމަލްއަށް އެނގެން ޖެހޭނެކަމެކެވެ. މައިންބަފައިން ގާތު އެވާހަކަ ނުބުނެވުނަސް އަކްމަލް ގާތު އެ ވާހަކަ ބުނަން ބޭނުންވީއެވެ. އެ ދެމެދުގައި އޮތް ގުޅުން ދެމިއޮންނާނީ ދެމީހުން އެކަކު އަނެކަކަށް ކުރާ އިތުބާރުގެ މައްޗަށްކަން ޒީވާއަށް އެނގޭތީއެވެ. އަކްމަލް އެއްޗެއް ނުބުނެ އިންނަން ފެށުމުން ޒީވާ ކަންބޮޑުވިއެވެ. ދެތިން ފަހަރަށް އަކްމަލްއަށް ގޮވާލުމާއެކު އޭނާގެ ކޮނޑުގައި ބޯއަޅާލިއެވެ. އެހިނދު އަކްމަލް ވާހަކަދައްކަން ފެށިއެވެ.

“އަހަންނަށް އެނގޭ އެ ފޮޓޯތަކަކީ ހަޤީޤަތެއްނޫންކަން، ޒީވް އެކަމާ ހާސްވާނެކަމެއްނެތް، ދެން އެމީހަކަށް ނުކެރޭނެ ޒީވްއަށް މިގޮތަށް އުނދަގޫކުރާކަށް، އެކަކަށް އެކައްޗެއްވެސް ނޭނގޭނެ، މިކަމާ ދޯ ތިހާ ހާސްވެގެން ތިއުޅެނީ” އޭނާގެ އަތުގައި ހިފަހައްޓާލައިގެން އިން ޒީވާގެ އަތްތިލާގައި ފިރުމާލަމުން އަކްމަލް ބުނެލިއެވެ. އެއާއެކު ޒީވާ، އަކްމަލްއަށް ބަލާލަމުން ބޯޖަހާލިއެވެ.

ޒީވާގެ ފޯނުން ފެނުނު ފޮޓޯތައް ފޮނުވާފައިވަނީ އަދީލުގެ ނަންބަރުންނެވެ. އެކަން އަކްމަލްއަށް އެނގުނެއްކަމަކު އެކަން ޒީވާއަށް އެނގުނަކަށް އޭނާ ނުދެއެވެ. ހަމައެފަދައިން ޒީވާއަށް ވެސް “އާދީ”އަކީ އަކްމަލްގެ ދޮންބެކަން އެނގުމުން ވެސް އެކަން އަކްމަލްއަކަށް ސިއްރުކުރީއެވެ. އެހެންނަމަވެސް އެކަން ކުޑަކަމަކަށް ނުވާނެއޭ ވެސް ޒީވާގެ ހިތަށް އަރައެވެ. އެ ދެމެދުގައި އެތަށް ވާހަކައެއް ދެކެވެމުންދިޔައިރު ވެސް އަކްމަލްގެ ސިކުނޑިން އަދީލު އެ ކުރި ކަންތައް ނެރެއެއް ނުލެވުނެވެ. އެތެރެއަށް ރުޅި ހިންދާލަންވީމާ އޭނާ ހައްތަހާ އަދީލުދެކެ ވީ ރުޅި އަންނަގޮތެވެ. އިޙްސާސްތައް ފޮރުވަން އަކްމަލް އެތަށް މަސައްކަތެއް ކުރަމުން ދިޔައެވެ.

ފަހެއްޖަހަން އުޅެނިކޮށް ނަބީހާ އައިސް ބަދިގެ ފަރާތަށް ވަނީ ނިދިގަނޑެއް އަޅާލާފައި އައިހެވެ. އޭރު ބަދިގެތެރޭ ސުހާނާ ހަރަކާތްތެރިވާތަން ފެނެއެވެ.

“ކޯނޗެއް ތިކައްކަނީ، ހާދަ އެހެންކަހަލަގެ ވަހެއް އެބަ ދުވަޔޭ، ތިޔައިން ދުވާވަހެއް ދޯ އެއީ، ހީވަނީ ބޮލަށް އެނބުރުން އަރައިދާނެހެން” މޫނު ކުނިކޮށްލަމުން ނަބީހާ އެހިއެވެ.

“މި ނިމުނީއޭ، އައުވައްތަރެއްގެ ސަޔެއް ކައްކާލީ” ސުހާނާ ތެލީގައި މަތިޖަހަމުން ބުނެލިއެވެ.

“މަވެސް މިއައީ ސައިހަދަންވެގެން، ކޮބާތަ އަކްމަލް އާއި ޒީވާ” ނޭފަތުގައި އަތްއަޅައިގެން ހުރެ ނަބީހާ ބުންޏެވެ.

“އެމީހުން ވެއްޖެ މަތީގައި، އަހަރެން ސައިހަދާފައި އެމީހުންނަށް ގޮވާލަ ފާނަން، މަންމަ ހާސްވާނެކަމެއްނެތް” ވަރަށް ހަމަޖެހިލާފައި ހުރެ ސުހާނާ ބުނެލިއެވެ.

“ކީއްވެތެ ތެލީގައި ސައިކެއްކީ، ފެންހޫނުކުރާ ޖަގު ޖައްސާލިނަމަ” ނަބީހާ ހައިރާންވެގެން ސުވާލުކުރިއެވެ.

“މަންމާ، ޒީވާމެން ކަހަލަ ކުދިން ނުބޯނެ ތިހަކުރުތަކެއް އަޅައިގެނެއް، އެމީހުންނަށް ރަނގަޅުވާނީ ގްރީންޓީ، އޭގެ ޕެކެޓުގައި ބަންދުކުރި ވައްތަރެއްނެތް، އެހެންވެ ސައިފަތްއަޅައިގެން ތެލީގައި ކެއްކީ، ދެންޖެހޭނީ ފުރާނާލަން، އޭގެ ދެމީހުންނަށް ވާވަރަށް ހަމައެކަނި މިކެއްކީވެސް، މިގޭގައި ނޫޅޭނެއެންނު ގްރީންޓީ ބޯމީހަކު” ސުހާނާގެ ވާހަކަ ހުރިގޮތުން ހީވަނީ އޭނާ އަކްމަލް އާއި ޒީވާއަށް ޚާއްޞަކޮށްގެން ސައިތައްޔާރުކުރިހެންނެވެ. ނަބީހާ އެކަމާ މާބޮޑަކަށް އަޅައެއްނުލައެވެ.

“އަކްމަލް” ސުހާނާ އައިސް އަކްމަލްގެ ކޮޓަރީ ދޮރުގައި ތަޅައިގަތެވެ. އެއާއެކު އޭނާ އައިސް އަވަސް އަވަހަށް ދޮރުހުޅުވިއެވެ.

“މަންމަ ސައިހަދާފައި ހުރީ، ޒީވާ ގޮވައިގެން ސައިބޯން އަންނާށޭ ބުނީ” ދޮރުމަތީ ހުރި ސުހާނާ ބުނެލިއެވެ.

“މެންދުރު އެހާ ގިނައިން ކެއީމަ އަދިވެސް މިހިރީ ވަރަށް ބަނޑުފުރިފަ” ނުކެވޭނެޔޭ ބުނާފަދަގޮތަކަށް މޫނު ހަދާލަމުން ޒީވާ އަކްމަލްއަށް ބަލާލިއެވެ.

“މަންމަ ގާތު ބުނޭ ޒީވްއަށް ސަޔެއްނުބޮވޭނެއޭ، އެވަރަކަށް ނޫންވިއްޔާ މެންދުރުކާންދިނީ، އެއީ ނުލާހިކު ކުޑަކުޑަ ގޮހޮރެއް އޮންނަ ކުއްޖެއް” އަކްމަލް ސަމާސާގޮތަކަށް ބުނެލިއެވެ.

“ދައްތަ މިތާ ބެލްކަންޏަށް ސައިގެނެސްދެންތަ؟، އެއްޗެއް ނުކެޔަސް ސައިތަށްޓެއް ބޯލެވިދާނެއެންނު، އެހާވަރުން މަންމަ ތައްޔާރުކުރީމަ ނުބޮއެދާކަށް ނުވާނެ، ޕްލީޒް ޒީވާ، ދެން މިފަހަރު ބޯލާ” ސުހާނާ އާދޭސްކުރާ ފަދަ ގޮތަކަށް ބުނެލިއެވެ. އެއާއެކު ނޫނެކޭ ބުނަން ޒީވާއަށް ނުކެރުނީއެވެ. އަކްމަލް ހުރީ ޒީވާ ބޭނުންގޮތަކަށް ނިންމަން ދޫކޮށްލައިގެންނެވެ. ސުހާނާއަށް ބަލަންހުރެ ޒީވާ ހިނިތުންވެލީ އެދައުވަތު ޤަބޫލުކުރިކަމުގެ ރަމްޒެއްގެ ގޮތުންނެވެ.

“މި އަންނަނީ ބެލްކަންޏަށް ސައި ހިފައިގެން” ސުހާނާ ވަރަށް އަވަހަށް މިހެންބުނެލުމާއެކު ހިނގައްޖެއެވެ.

“ރިއަލީ… ޒީވް، ނޫނެކޭ ބުނަން ބޭނުންވާ ވަގުތުތަކުގައި އެހެން ބުނުމަކީ މައްސަލައެއް ނޫނޭ، ސައިބޯހިތްނެތިއްޔާ އެހެންބުނި ނަމަވެސް އަހަންނަށް އެނގޭ މަންމަ އަންޑަސްޓޭންޑްވާނެކަން” އަކްމަލް އައިސް ކޮޓަރީގެ މެދެއްހާ ހިސާބުގައި މަޑުކޮށްލައިގެން ހުރި ޒީވާގެ ކުރިމަތީ ހުއްޓެމުން ބުނެލިއެވެ.

“ދެން އެހާވަރަށް ބުނީމަ ނުވާނެ ދޯ މަންމަގެ ފީލިންގްސްއަށް ހާޓްކޮށްގެން، އަކްމަލްގެ މަންމަ އާއި ދައްތަ އަހަރެން ބަލައިގެންފިކަން މިއަދު އަހަންނަށް އެނގިއްޖެ، ދެރަވަނީ އަހަރެންގެ ޢާއިލާއިން އަކްމަލް ބަލައިނުގަންނާތީ” ޒީވާ ދެރަވެލާފައި އަކްމަލްއަށް ބަލާލިއެވެ. އަކްމަލް ހީނލާފައި ޒީވާގެ ކޮނޑަށް އަތްވައްޓާލަމުން އޭނާ ގޮވައިގެން ކޮޓަރިން ބޭރަށް ނުކުތެވެ. އަދި އެކަމާ ނުވިސްނުމަށް ބުންޏެވެ. މިރޭ ޒީވާގެ ޢާއިލާ މީހުން ބުނާއެއްޗެއް އަޑުއެހުމަށް އޭނާ ހުރީ ތައްޔާރަށްކަމަށް ވެސް ބުންޏެވެ. ކޮންމެ ގޮތެއްވިޔަސް އަކްމަލް، ޒީވާއާ ދުރަށް ނުދާނަންކަމަށް ވަޢުދުވިއެވެ. އަދި ދެފަރާތުގެ މައިންބަފައިންގެ ރުހުން ލިބުނީމަ ނޫނީ ކައިވެނި ނުކުރާނަން ކަމަށް ވެސް ބުންޏެވެ.

“ލަހެއްނުވިއެންނު” ބެލްކަނީގައި މަޑުކޮށްލައިގެން ތިބި އަކްމަލް އާއި ޒީވާއަށް ސުހާނާގެ އަޑުއިވުނެވެ. އޭރު ތަބަކެއްގައި ތިންމަގާއި ފެންޖަގެއް ބަހައްޓައިގެން ހުރެ ސުހާނާ އެމީހުންނާ ދިމާލަށް އާދެއެވެ. ސުހާނާގެ ނުފަރިތަކަމާ ހުރެ ތަބަކުގައި ހުރި އެއްޗެހި ވެއްޓިދާނޭތީވެ އޭގައި އަކްމަލް އައިސް ހިފިއެވެ. އަދި ބެލްކަނީގައި ހުރި މޭޒުމަތީ ބަހައްޓަމުން އެއްފަރާތުގައި ބަރިއަކަށް ޖަހާފައި ހުރި ޕްލާސްޓިކު ގޮނޑިތަކުން ތިންގޮނޑި ގެނެސް މޭޒު ދޮށުގައި ބެހެއްޓިއެވެ. ގޮނޑިތަކުގައި އެންމެން އިށީނުމާއެކު ސުހާނާ ތަބަކުގެތެރެއިން ސައިމަގެއް ނަގާ އަކްމަލްއަށާއި ޒީވާއަށް ދިއްކޮށްލިއެވެ. ދެން ހުރި މަގު ނެގީ އޭނާއެވެ.

“މީ ކޮންކަހަލަ ސަޔެއް” އަނގަޔާ ކައިރިކޮށްލިތަނާ ތަފާތުވަހެއް ހުރުމުން އަކްމަލް ސުވާލުކޮށްލިއެވެ.

“ތީ އައުވައްތަރެއްގެ ގްރީން ޓީއެއް، ދެން ފާޑުނުކިޔާ ބޯލިއްޔާ ވާނީ ކީއްތަ، އެހެންނޫނަސް ގްރީންޓީއަކީ އަނގަޔަށް މީރު ނޫނަކަސް ހަށިގަނޑަށް ނުލާހިކު ފައިދާ ކުރާއެއްޗެއް، ދޯ ޒީވާ… އަސްލު މެންދުރު އެހާ ގަދައަށް ކައިގެން ވަރަށް ފުލްއޭ ބުނީމަ ހިތަށް އެރީ ގްރީންޓީއޭ ގެނެސްދޭނީ، ޞިއްޙަތަށް ވެސް ބަލާލަންވާނެއެންނު ދޯ، އޭރުންތާ ބޭނުންވާ ވެޑިން ޑްރެސް ލެވޭނީ” މާނަ ފުންގޮތަކަށް ސުހާނާ މިހެންބުނެ ހީނލިއެވެ. ޒީވާ ރަކިވެފައި އިންގޮތަކަށް ހިނިތުންވެލާފައި ތުންފަތުގައި ސައިމަގުގެނެސް ޖައްސާލިއެވެ. އަކްމަލް ބުނީ ތެދެއްކަން ޒީވާއަށް ވެސް އެނގެއެވެ. އެހެންނަމަވެސް އިތުރަށް ސުވާލުކުރާކަށް ނުކެރުނެވެ. ސުހާނާ ބުނިހެން ގްރީންޓީއަކީ ޒާތެއްގެ ރަހައަކާއި ވަހެއް ހުންނަ އެއްޗެކެވެ. ރޭގަނޑަށް ލަމްޔާ ގްރީންޓީ ބޯތީ ޒީވާ ވެސް އެއްފަހަރު އެ ބޮވޭތޯ އުޅުނެވެ. އެކަމަކު ކަރުތެރޭން އެތެރެވާގޮތެއްނުވިއެވެ. ގްރީންޓީ ނުބޯން ނިންމީ ވެސް އެހެންވެއެވެ. އެކަމަކު ސުހާނާގެ ހިތްހެޔޮކަމުން އޭނާ އެހާވަރުން ގެނައި ސައިމަގުގައި އަނގަޖަހާނުލާ ބަހައްޓާކަށް ނުކެރުނެވެ. ދެތިން ކޯވަރު ހިތްވަރުކޮށްފައި ބޯލަމުން ޒީވާ މޭޒުމަތީ ސައިމަގު ބެހެއްޓިއެވެ.

“ދެން ހުސްކޮށްލާ، މީ އެހާ ބައިވަރެއްވެސް ނޫނެންނު، ދައްތައަށް ވެސް އެހާ މީރު އެއްޗެއް ނޫންމީ، އެކަމަކު ޞިއްޙަތަށް ވަރަށް ފައިދާ ހުރި އެއްޗެއްވީމާ ޒީވާމެންނާއެކު ބައިވެރިވާން ނިންމީ، އަން! ދެން ބޯލާ” ސުހާނާ މޭޒުމަތީގައި ޒީވާ ބެހެއްޓި މަގު ނަގާ ދިއްކޮށްލިއެވެ. އަކްމަލްއަށް ސުހާނާގެ ގޮތް އެނގެއެވެ. އޭނާއަކީ ގޮތްދޫނުކުރާ މީހެއްކަމެވެ. ކިޔަންފަށައިފިއްޔާ ހުއްޓައެއްނުލާނެއެވެ. އެހެންވިޔަސް ސުހާނާ، ޒީވާއާ ވަރަށް ގުޅެއެވެ. އެއީ އަކްމަލްއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔަކަމެކެވެ.

“އެބަ އަންނަން…” ސުހާނާ ކުއްލިއަކަށް ކަމެއް ހަނދާންވެގެން ކަހަލަ ގޮތަކަށް ބުނެލިއެވެ.

“އަކްމަލް، އަހަންނާއެކު ދޯ ދާނީ ގެއަށް” ސުހާނާ ދިއުމުން ޒީވާ އަހާލިއެވެ.

“އެހެން ހިތަށް އަރުވައިގެން މިހުންނަނީ އެކަމަކު އަހަންނަށް ހީވަނީ ޒީވް ކުރިން ގެއަށްދާންވީހެން، އެހެންނޫނީ ދެމީހުން އެކުގައި ފެނިއްޖެއްޔާ ޒީވްގެ ބައްޕަ ހިތްހަމަނުޖެހިދާނެ” އަކްމަލް ވިސްނާލާފައި ބުންޏެވެ. ޒީވާއަށް ވެސް އެކަމާ ވިސްނާލެވުނީ ދެނެވެ. ދެމީހުން އެކުގައި ފެނުމުން ލަބީބު ހިތްހަމަނުޖެހޭނެކަން ޔަގީނެވެ.

“އެހެންވީރު ޒީވް ތަންކޮޅެއް ކުރިން ގެއަށް ދާނަން، ސައިބޮއެގެން ދެން ގެއަށް ދާންވީކަންނޭނގެ” ޒީވާ ބުނެލިއެވެ. އެވަގުތު ސުހާނާ އެނބުރި އަތުވެއްޖެއެވެ. އޭނާގެ އަތުގައި ބޯންގެންގުޅުނު ސައިމަގު އޭރުވެސް އޮތެވެ. ހިނިއައިސްފައި ހުރެ އައިސް ޒީވާމެން ކައިރީ އިށީނެވެ.

“އަކްމަލް، ތިހެން އުޅެފަ ޒީވްއަށް ލަނޑެއްނުދެއްޗޭ، ކައިވެނިކުރަން ނިންމިއަސް ކައިވެންޏަކާ ހަމައަށް ދިއުމަކީ ފަސޭހަކަމެއްނޫން، އަހަރެންގެ ފަރާތުން އަކްމަލްއަށް ވަރަށް ޚާއްޞަ ހަދިޔާއެއް މިއަދު ދޭން ނިންމައިގެން މިހިރީ، ޒީވާ ވެސް އެ ހަދިޔާގައި ބައިވެރިކުރާނަން….” ލާނެތްގޮތަކަށް ސުހާނާ ހީނލިއެވެ. ޒީވާ، އަކްމަލްއަށް ބަލާލީ ސުހާނާ ކިޔާއެއްޗެއް ފަހުމްވާގޮތްނުވެގެންނެވެ. އަކްމަލް ދެފަރާތަށް ބޯހޫރާލި ގޮތުން އޭނާއަށް ވެސް ސުހާނަ އެކިޔަނީ ކީކޭކަން ނޭނގޭކަން އެނގުނެވެ. ޒީވާ ސައިމަގު ހުސްކޮށްލާފައި މޭޒުމަތީ ބެހެއްޓިއިރު ބޮލަށް ގޮތެއްވާހެން ހީވިއެވެ. އަދި މީހާ ލުއިވެއްޖެހެން ވެސް ހީކުރެވުނެވެ. ނިތްކުރީގައި އަތްހާކާލާފައި މާބޮޑުކަމަކަށް ނަހަދާ ސުހާނާ ބުނިއެއްޗަކަށް ހިނިތުންވެލިއެވެ. އޭނާ އަކްމަލް އާއި ޒީވާ ހުސްކުރި މަގު ހިފައިގެން އެތަނުން ދާން ތެދުވިއެވެ.

“މިދަނީ މަންމައަށް ތަށިތައް ނަގައިދެން، ކަމެއް ބޭނުންވެއްޖެއްޔާ ބުނައްޗޭ، ފެންޖަގު މިތާ ބަހައްޓާފައި މިދަނީ” ސުހާނާ ވަރަށް ރަނގަޅަށް ޒީވާއަށް ބަލަންހުރެ ބުނެލިއެވެ. އޭރު އަކްމަލް ވެސް އިނީ ނިތްކުރީގައި އަތްތިލަ ހާކާލަ ހާކާލައެވެ. ދެމީހުންނަށް ބަލާލާފައި އެއްމިޔަކަނިން ހީނލަމުން ސުހާނާ ހިނގައިގަތެވެ.

“އަކްމަލް….” ޒީވާ ތެދުވަން އުޅުމުން އަރިއަޅާލާ ކަހަލަ ގޮތެއްވިއެވެ. އެހިނދު އަކްމަލް އަވަހަށް ޒީވާގެ ގައިގާ ހިފެހެއްޓިއެވެ. އެހެންނަމަވެސް ދެމީހުން ވެސް ވެއްޓުނީއެވެ. އެއާއެކު ދެމީހުން ފެށީ ހޭށެވެ. ކުއްލިއަކަށް ހުރިހާ ހާސްކަމެއްފިލާ ދެމީހުން މިނިވަންވި ކަހަލައެވެ. އަކްމަލްގެ ގައިމައްޗަށް ވެއްޓިފައި އޮތް ޒީވާގެ މޫނުމައްޗަށް ވެރިފައި ހުރި އިސްތަށިތަށް އެއްފަރާތްކޮށްލަމުން ކަންފަތްކައިރީ އަޅުވާލިއެވެ. އަދި ލޯބިވެތިގޮތަކަށް ބަލަންއޮވެފައި ކުއްލިއަކަށް ޒީވާގެ ކޮލުގައި ބޮސްދީފިއެވެ. އަކްމަލްގެ އެ ހަރަކާތުން އަނެއްކާ ވެސް ޒީވާ ފެށީ ހޭށެވެ. ހެވެނީ ކީއްވެކަމެއް ޒީވާއަކަށް ވެސް ނޭނގެއެވެ.

“ޔޫ ލުކް ޑިފަރެންޓް…” އަކްމަލް ބުނެލިއެވެ.

“ޔޫ ލުކް ޑިފަރެންޓް…” މޮޔައެއްހެން އަކްމަލް ބުނި އެއްޗެއް ޒީވާ ތަކުރާރުކޮށްލިއެވެ. ކުއްލިއަކަށް ދެމީހުންގެ ޠަބީޢަތަށް ބަދަލުތަކެއް އަތުވެއްޖެއެވެ. އިޙްސާސްކުރެވޭގޮތް ވެސް ތަފާތުވެއްޖެއެވެ. އަމިއްލަ ހަރަކާތްތަކަށް ބާރުފޯރުވުމުގެ ކުޅަދާނަކަން ކެނޑިފައިވާކަހަލައެވެ. މިވަނީ ކިހިނެއްކަމެއް ވިސްނައިގަންނާކަށް ދެމީހުން ކުރެ އެކަކަށް ވެސް ނޭނގެއެވެ. އެނގޭހާ ވެސް އެއްޗަކީ ބަދަލުތަކެއް އަތުވެއްޖެކަމެވެ. ކުއްލިއަކަށް ޒީވާއަށްޓަކައި އަކްމަލްގެ ހިތުގައި އޮތް އިޙްސާސްތަކުގެ ބާރުގަދަވާން ފެށިކަހަލައެވެ. ހިތްއެދެމުން ދިޔަ ހުރިހާކަމެއް ކުރަން އެވަގުތު އަކްމަލް ބޭނުންވިއެވެ. ކޮޅަށް ތެދުވުމާއެކު އަކްމަލް، ޒީވާއަށް އަތްދިއްކޮށްލިއެވެ. ޒީވާ އެއަތުގައި ހިފުމާއެކު އަކްމަލް ކުއްލިއަކަށް ޒީވާގެނެސް އޭނާގެ ދެއަތުގެތެރެއަށްލާ މޭގައި ބޮނޑިކޮށްލިއެވެ. އެ ދެމީހުންނަށް ބަލަން ދުރުގައި މީހަކު ހުރިކަމެއް އަކްމަލްއަކަށް ވެސް ޒީވާއަކަށް ވެސް ނޭނގެއެވެ. އޭގެ ބަދަލުގައި އެ ދެހަށިގަނޑުގައި އުފެދެންފެށި ނޭނގޭހޫނުކަން ފިނިކުރަން ދެމީހުން ވެސް ބޭނުންވެފައި ތިބިކަހަލައެވެ. އަކްމަލްގެ ހަށިގަނޑަށް ނޭނގޭ ބާރުތަކެއް އަރަންފެށިކަހަލައެވެ. އަތްދަނޑިމައްޗަށް ޒީވާ އުފުލާލުމާއެކު އޭނާގެ ކޮޓަރިއާ ދިމާލަށް ދާންފެށިއެވެ. ދެން ވެސް އިވުނީ ދެމީހުން ހޭއަޑެވެ. އަކްމަލްއަށް ހިނގޭކަމުގެ އިހުސާސެއްނުކުރެވެއެވެ. އެކަމަކު ކޮޓަރިއާ ހަމައަށް އާދެވުނެވެ. ހަމައިގައި ދެމީހުން ތިބިހެނެއް ހިޔެއްނުވެއެވެ. ޒީވާ ގޮވައިގެން އައިސް ދޮރުފަތުގައި އަކްމަލް ޖެހިގަތެވެ. އެއާއެކު ބާރުބާރަށް އަނެއްކާ ވެސް ދެމީހުން ހީނގަތެވެ. އަކްމަލްގެ އަތުގެތެރޭގައި އޮވެ ޒީވާ ކޮޓަރީގެ ދޮރުހުޅުވާލިއެވެ. އެތެރެއަށް ވަދެވުމާއެކު އަކްމަލް އޭނާގެ ބުރަކަށިން ދޮރުފަތުގައި ޖެހިގަތްގަތީނުން ދޮރުފަތްލައްޕާލިއެވެ. ދެމީހުން ކުރެ އެކަކަށް ވެސް ކުރެވޭ ކަމެއް ނޭނގޭކަހަލައެވެ. އަކްމަލް ޒީވާ ގެނެސް އެނދުމައްޗަށް ހޫރާލިއެވެ. އެހެންނަމަވެސް ޒީވާ ފެށީ ހޭށެވެ. އެނދުމައްޗަށް ގުޅައަކަށް ޖެހުމުން ތަދުވިހެނެއް ހިޔެއްނުވެއެވެ. ދޮރުތަޅުލުމާއެކު އަކްމަލް އަވަސް އަރުވާލާފައި ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓަން ފެށިއެވެ. އެވަރުވެސް އޭނާއަށް ލަސްވިކަހަލައެވެ. ދެފަރާތުން ގޮށްފޮތީގައި ހިފާ ދަމައިގަތް ގަތީނުން ގަމީހުގައި ބާކީއަޅުވާފައި ހުރި ގޮށްތައް ކޮޓަރިތެރެއަށް ވިއްސައިގެން ދިޔައަޑުއިވުނެވެ. މިތަން ފެނިފައި ދެކަކޫ މައްޗަށް ތެދުވެލި ޒީވާ އަތްތިލަބަޑި ޖަހާލިއެވެ. އަތުގައި އޮތް ފޯނުން އިނގިރޭސިލަވައެއް ޖަހާލުމާއެކު ރީތިވާ މޭޒުމައްޗަށް ފޯނު އެއްލާލާފައި އަތުކޮޅަށް ގަމީސް ހޫރަމުން އަކްމަލް ނަށަންފެށިއެވެ. އަދި ޝަހާދަތްއިނގިލިން ޒީވާއަށް އިޝާރާތްކުރަންފެށި އޭނާގެ ގާތަށް އަންނާނޭ ބުނާފަދައިންނެވެ. ލާނެތް ގޮތަށް ހިނިއައިސްފައިހުރެ ޒީވާ އައިސް އަކްމަލްގެ ގާތުގައި ހުއްޓުނެވެ. އަދި އެތަނަވަސްމޭގައި ދެއަތްތިލަ ބީއްސާލަމުން ލަވައިގެ ހަމައަށް ނަށަންފެށިއެވެ. ދެމީހުންގެ ހަރަކާތްތައް ހުރިގޮތުން ހީވަނީ މުޅިން އެހެން ދުނިޔެއެއްގައި އުޅޭހެންނެވެ. އަކްމަލްއަށް ޒީވާ ޖަހާފައި ހުރި މަޑުމަޑު ސެންޓުގެ ވަސް މާގަދައަށް ދުވާހެން ވެސް ހީވިއެވެ. ކުއްލިއެއްޖަހާ އުސޫލުން ޒީވާގެ އަތުގައި ހިފާ އަނބުރާލުމާއެކު ޒީވާގެ ފުރަގަހުން އޭނާގެ ކަނދުރާގައި އަކްމަލް ވަސްގަންނަންފެށިއެވެ. ޒީވާއަށް ހޫނުވަނީއެވެ. ދާހިތްލަން ފެށުމުން ލާފައި ހުރި ތުނިތުނި ގަމީސްކޮޅުގެ ގޮށްތައް ނައްޓަން ފެށީ އެއްވެސް ޚިޔާލެއް ފިކުރެއްނެތިއެވެ. އެކަމުގައި އަކްމަލް އޭނާއަށް އެހީތެރިވިއެވެ. މީގެ ކުރިން ދުވަހަކު ވެސް އަކްމަލް އެހާ ގައިގޯޅިކޮށް އަންހެންކުއްޖަކާއެކު އުޅެފައެއްނެތެވެ. ނުވިތާކަށް ޒީވާއާ ގާތްވާން ބޭނުންވިޔަސް ކައިވެނީގެ ކުރިން އެފަދަ ކަމެއްކުރާކަށް އަކްމަލް ބޭނުމެއްނޫނެވެ. ވީއިރު މިއަދު އޭނާއަށް ވެފައިހުރީ ކިހިނެއްބާއެވެ. ޒީވާގެ ހިތުގައި އެއްވެސް ވަރަކަށް ބިރުވެރިކަމެއް ނުވާކަހަލައެވެ. ހަރަކާތްތަކުގައި ލަދުވެތިކަމެއް ޖެހިލުންވުމެއް ނުވެއެވެ. އަކްމަލްގެ ކުރަމަތީ ހަށިގަނޑު ހާމަވަމުން ދިޔައިރު އޭނާ ބޭނުންވަނީ އަކްމަލްގެ އަތުތެރޭގައި ވުމަށެވެ.

ބާރު ބާރަށް ކޮޓަރީ ދޮރުގައި ތަޅައިގަތްއަޑު އިވުމާއެކު އަކްމަލް ދިޔައީ ސިއްސައިގެންނެވެ. ޒީވާއާއެކު އެނދުމަތީ އޮވެފައި ތެދުވެ ދޮރާ ދިމާލަށް އެނބުރިލިއެވެ. ޒީވާ ވެސް އެނދުންފައިބާ ދޮރާ ދިމާލަށް ބަލަންހުއްޓެވެ. ސިއްސައިގެން ދިޔަވަރުން ޒީވާގެ ބޮލުގައި ރިއްސާލިއެވެ. އޭނާއަށް މިވަނީ ކިހިނެއްބާއޭ ފުރަތަމަ ފަހަރަށް ހިތަށްއެރީ އެވަގުތުއެވެ. ލައިގެން ހުރި ޖިންސު ފިޔަވާ އުނަގަނޑުން މަތިވަނީ އެއްވެސް ނިވާކަމެއްނެތިއެވެ. ބޯއަނބުރާކަހަލަ ގޮތްތަކެއްވެ ހޮޑުވެސް ލަވާހެން ޒީވާއަށް ހީވެއެވެ. ތަޅުންމަތީގައި އޮތް އޭނާގެ އެއްޗެހި ހިފައިގެން ފާޚާނާއަށް ގޮސް ޒީވާ ވަނެވެ. ދޮރުގައި ތަޅައިގަތީތީވެ އެކަމާ އަކްމަލް ވަގުތުން ރުޅި ވެސް ގަދަވިއެވެ. ކާކުތޯ އަހާ އަޑުގެނެތްތަނަށް ހަޅޭވެސް ލަވައިގަތެވެ. އެއާއެކު ގިނައިރެއްނުވެ ތަޅުވަޅަށް ތަޅުދަނޑިލައްވާ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ދެންފެނުނީ ފުލުންގެ ބަޔަކު ކޮޓަރިތެރެއަށް ވަދެގަތްތަނެވެ.

“ބޮޑުބަލާއެއް މި ދޭއްޗާ ހެދި، މިކަމެއް މިގޭގައި ހިނގާތާ ކިތަންމެ ދުވަހެއް، އެކަމަކު ފެންނަމީހަކު ހަރާން…” ވާނުވާނޭނގިފައި ހުރި އަކްމަލްއަށް އިވެމުންދިޔައީ ސުހާނާގެ ހަޅޭކުގެ އަޑެވެ. ނަބީހާ އާއި އަދީލު ހުރީ ޝޮކެއްޖެހިފައި ތިބި ދެމީހުން ހެންނެވެ. އަކްމަލްގެ ޖިންސުގެ ގޮށްތަށްނެޓި ލައިގެން ހުރި ބޮކްސާގަނޑު އޮތީ ފެންނާށެވެ. ފުލުހުންގެ ދެމީހުން އައިސް ތިބިއިރު އެތަނުން އެކަކު ހިނގައިގަތި ފާޚާނާއާ ދިމާލަށެވެ. އަކްމަލް ފަހަތަށް އެނބުރި ޒީވާ ކޮބާތޯ ބަލާލުމާއެކު ދުވެފައި އައިސް ފާޚާނާ ކުރިމަތީ ދެއަތްހުރަސްކޮށްލަމުން ހުއްޓުނެވެ.

“ކީއްކުރަން މިކޮޓަރިއަށް ވަދެގެން ތިއުޅެނީ… މަންމާ، ކީއްކުރާ ފުލުހުންނެއްތަ މީ” ކަންބޮޑުވެފައި ހުރެ އަކްމަލް ވާހަކަދެއްކިއެވެ.

“އަޅުގަނޑުމެންނަށް މި ކޮޓަރިތެރޭ މަސްތަވުވާތަކެތި ބޭނުންކުރާ ކަމާއި ބަދުއަހުލާގީ ޢަމަލު ހިންގާކަމުގެ މަޢުލޫމާތު ލިބިގެން މިއައީ” އަކްމަލްގެ ކުރިމަތީ ހުރި ފުލުހުންގެ މީހާ ބުންޏެވެ.

“ތީ ދޮގެއް، މިއީ ތިޔަކަހަލަ ކަންތައްކުރާ ތަނެއްނޫން…” މިހެންބުނިއިރު އަކްމަލްއަށް އޭނާއަށް ހުރެވުނު ހާލުވެސް ވިސްނާނުލެވުނެވެ.

“ކަލޭ…. ކަލޭ މިކަން ކުރީ….” ނުބައިވައްތަރަކަށް ހިނިއައިސްފައި ހުރި ސުހާނާ ފެނުމުން އަކްމަލް ހަޅޭލަވައިގަތެވެ. އޭނާ ބޭނުންވީ ވަގުތުން ގޮސް ސުހާނާގެ މޫނު ނޮޅާލަންށެވެ. ކަރުގައި ދެއަތުން ހިފާ މަރާލާށެވެ. އެހެންނަމަވެސް ސުހާނާއާ ހަމައަށް ދިއުމުގެ ކުރިން ފުލުހުންގެ ދެމީހުން އަކްމަލް ހިފެހެއްޓިއެވެ. އަދި އިންޒާރުދިނެވެ. އަޑުގަދަވެގެން ފާޚާނާއިން ނުކުތް ޒީވާއަށް ވެސް ލިބުނީ ހައިރާންކަމެވެ. އަކްމަލް ދުވެފައި އައިސް ޒީވާގެ ގަމީހުގައި ހިފާ ކައިރިކޮށްލުމާއެކު އޭނާގެ މޭމަތި ފޮރުވާލަމުން އެއަތުގެ ހިމާޔަތްތެރިކަން ޒީވައަށް ދިނެވެ.

“އަކްމަލް…” ފުލުހުންފެނުމާއެކު ޒީވާ ބިރުގަނެއްޖެއެވެ.

ދޮރުމަތީގައި ނަބީހާ އާއި އަދީލުގެ އިތުރުން ސުހާނާ ތިބިގޮތް ފެނިފައި ވަކިން ބާރަށް އަކްމަލްގެ އުނަގަނޑުގައި ޒީވާއަށް ހިފަހައްޓާލެވުނެވެ. ފުލުހުންގެ މީހަކު އައިސް ދެމީހުން ދުރުގައި ތިބުމަށް ބުންޏެވެ. އަވަސްއަރުވާލާފައި އަކްމަލް، ޒީވާގެ ގަމީހުގެ ގޮށްތައް އަޅުވަންފެށިއެވެ. އޭނާއަށް ފުލުހުންގެ މީހާ ބުނިއެއްޗެއް އަޑުނީވޭކަހަލައެވެ. ޒީވާއާ ދުރަށް އަކްމަލް ޖެހިލީ ވެސް ޒީވާގެ ހަށިގަނޑު ނިވާވުމުންނެވެ. އަދި ރުޅިވެރިކަމުގެ ނަޒަރަކުން އަދީލާއި ސުހާނާއަށް ބަލަހައްޓައިގެން ހުރީ އޭނާގެ ދެލޮލުން އެކަނިވެސް އެމީހުންގެ ފުރާނަ ދުއްވާލަން ބޭނުންވެފައި ހުރި ހެންނެވެ. ދުވަހަކުވެސް އެހާ ގަދަ ރުޅިއެއް އަކްމަލް ނާދެއެވެ. ފުލުހުންގެ މީހާ ފޯނުން ވާހަކަދައްކާތަން އަކްމަލްއަށް ފެނުނެވެ. ދެން ހުރި މީހާ ހުންނަނީ އަކްމަލް އާއި ޒީވާގެ ހަރަކާތްތަކަށް ބަލާށެވެ.

“ކިހިނެއްވެގެންތަ މިއުޅެނީ؟” ކުއްލިއަކަށް ވާފިރުގެ އަޑު އިވުނެވެ. އޭނާ ހިފަހައްޓަން ނަބީހާ އުޅުނެއްކަމަކު، ނަބީހާގެ ދެއަތް ފޮޅާލުމާއެކު ވާފިރު އައިސް އަކްމަލްގެ ކޮޓަރިއަށް ވަނެވެ. ވާފިރަށް ދެލޯ ބޮޑުކޮށްލެވުމާއެކު އަކްމަލް އަށާއި ޒީވާއަށް ބަލާލެވުނެވެ.

“އަކްމަލް، ދަރިފުޅު ކީއްކުރަނީ؟ ޒީވާއަށް ކިހިނެއްހެދީ؟” ހައިރާންވުމުގެ އިތުރުން ކަންބޮޑުވުމާއެކު ވާފިރު އެހިއެވެ.

“ބައްޕާ، އަހަރެން ކަމެއްނުކުރަމޭ” އަކްމަލް މިހެންބުނެ ވާފިރަށް ބަލާލީ އަހަރެން ސަލާމަތްކޮށްދޭށޭ ބުނާފަދައަކުންނެވެ. ކުށްވެރިވެފައި ހުރި ފަދަ އިހްސާސެއް އެވަގުތު އަކްމަލްއަށް ކުރެވިގެންދިޔައެވެ. ހާސްކަން އޭނާ ވަށައިލައިފިއެވެ. ހަދާނެގޮތެއް ފިލަން ދުވާނެ ދިމާލެއެއް އޭނާއަކަށް ނުފެނުނެވެ. އަނެއްކޮޅުން މި ކުޅިގަނޑުގެ ތެރޭގައި ޒީވާ ބަނދެވެމުންދާތަން ފެނުމުން އޭނާއަށް ކެތްކުރަން އުނދަގޫވިއެވެ.

“އޭނާ މިތަނުގައި ހުންނާކަށް ނުޖެހޭނެ، ކަލޭމެން ބޭނުންވަނީ އަހަންނެންނު” ވާފިރު އެއްޗެކޭ ނުބުނެ ގިނައިރުވާންފެށުމުން އަކްމަލް އޭނާއަށް ބަލަމުން ދިޔަ ފުލުހުންގެ މީހާއަށް ބުނެލިއެވެ. އަދި ޒީވާގެ އަތުގައި ހިފާ އެ ކޮޓަރިން ބޭރަށް ނެރެން މަސައްކަތްކުރިއެވެ. އެހިނދު ފުލުހުންގެ މީހާ އަނެއްކާ ވެސް އިންޒާރުދޭ ފަދަ ގޮތަކަށް ވާހަކަދެއްކިއެވެ. އެމީހުންނާއެކު ދެމީހުން ވެސް އަންނަން ޖެހޭނެކަމުގައެވެ. އޭރު ފޯނުގައި ހުރި ފުލުހުންގެ މީހާގެ ފަރާތުން ވެގެން އުޅޭ ގޮތެއް ވާފިރަށް އޮޅުން ފިލައިފިއެވެ. އަޑުއިވުނު ޚަބަރު ވަގުތުން ދޮގުކުރިއެވެ.

“ނުވާނެ ތިހެނެއް، ކާކު ގުޅައިގެން ތިއައީ، އަކްމަލްއަކީ ދުވަހަކުވެސް އެކަހަލަ ވިޔާނުދާ ޢަމަލެއް ހިންގި ކުއްޖެއްނޫން، މިގޭގައި ވެސް ނުހުންނާނެ އަހަރެން އެވަރަށް އިތުބާރުކުރާ ދަރިއަކު” އަކްމަލްގެ ދިފާއުގައި ފުރަތަމަ އެއްޗެއް ބުނީ ވެސް ވާފިރުއެވެ. ޚުދު ވާފިރަށް ވެސް އަކްމަލްގެ ދެލޮލުން ފެންނަމުން ދިޔަ ހާސްކަމާއި ބިރުވެރިކަން ދެނެގަނެވުނެވެ. ދަރިފުޅަށް އެހީވާން އަވަސްވެގަނެވުނީ އެހެންވެއެވެ. އެނާގެ ގާތުގައި ހުރި ޒީވާއަށް ވާފިރަށް ބަލާލެވުނީ ހަމްދަރުދީގެ ނަޒަރަކުންނެވެ.

ގިނައިރެއްނުވެ އެކޮޓަރިއަށް ޑްރަގާ ބެހޭ އިތުރު ފުލުހުން އައިސް ވަނެވެ. އެމީހުންނާއެކު އަންހެން ފުލުހެއް ވެސް ހުއްޓެވެ. އެމީހުން އަކްމަލްގެ ކޮޓަރިއަށް ވަންގޮތަށް އެ ކޮޓަރިތެރެ ފާސްކުރަން ފެށިއެވެ. އެއްވެސް ފަރުވާލެއްނެތި އެއްޗެހިތައް އުކަމުން ދިޔައެވެ. ދަތްކުނޑިވިކާލަމުން ހިންދިރުވާލުން ފިޔަވާ އަކްމަލްއަށް އެއްކަމެއް ވެސް ނުކުރެވުނެވެ. ޒީވާގެ ގައިގާ އިނގިލިކުރި ވެސް ޖައްސާލުން އެ މީހުން މަނާކުރިއެވެ. ބިރުންގޮސް ޒީވާ ފެންކަޅިވަމުން ދިޔަތަން އަކްމަލްއަށް ފެނި ހިތަށް ވަރަށް އަސަރުކުރިއެވެ.

“ނޫން… ތީ އަހަރެންގެ އެއްޗެއްނޫން…” ކުއްލިއަކަށް އަކްމަލްގެ ކޮޓަރީގައި ހުރި ޒީވާގެ އަތްދަބަހުގެ ތެރެއިން ދިގުކޮށް ހުރި ރަބަރުޕެކެޓުތަކަކާއި ބިޑިހެން ހަދާފައި ހުރި އެއްޗެއް އަޅާފައި ހުރި ކުޑަކޮތަޅެއް ފުލުހުންގެ މީހަކު ނެގުމާއެކު ޒީވާ ހަޅޭލަވައިގަތެވެ. އޭގެ އިތުރުން އަކްމަލްގެ ރީތިވާ މޭޒުގެ ވަތްގަނޑުގެ ތެރެއިން ވެސް ހަމަ އެފާޑުގެ އެއްޗެހިތަކެއް ނެގިއެވެ. އެކަކުވެސް ޒީވާގެ އަޑެއް އަދި އަކްމަލްގެ އަޑެއް ނޭހިއެވެ. ފުލުހުންނަށް ފާހަގަކުރެވުނީ ދެމީހުން ވެސް މަސްތުގެ ހާލަތުގައި ތިބިކަމެވެ. އަދި ކޮޓަރިން ފެނުނު އެއްޗެހި ހެކީގެ ގޮތުގައި ނެގިއެވެ. އަންހެން ފުލުސް އައިސް ޒީވާގެ އަތުގައި ހިފައިގެން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އިސްޖެހި ލަދުގަނެ ބިރުގެންފައި ހުރި ޒީވާ ދެކޮޅު ހެދުމެއްނެތި އޭނާއާއެކު ދިއުމަށް ހިނގައިގަތެވެ. އޭރު ފިރިހެން ފުލުހަކު އަކްމަލްގެ ހަށިގަނޑު ނިވާކުރުމަށް ހަރުކަށިކަމާއެކު ބުނެލިއެވެ. އޭނާ ތަޅުން މައްޗަށް އުކާލާފައި ހުރި އޭނާގެ އަންނައުނުތަކުން އަތުގައި ފުރަތަމަ ޖެހުނު ޓީޝާޓު ގަޔަށް ހެޔޮވަރުކޮށްލަމުން ލައިގެން ހުރި ޖިންސު ވެސް ރަނގަޅުކުރިއެވެ. އެއާއެކު އޭނާގެ އަތުގައި ބިޑިއެޅުވިއްޖެއެވެ.

ފުލުހުންގެ ހާޒިރުގައި އަކްމަލް އާއި ޒީވާ ހެންވޭރު ސެވެންސްޓަރއިން ނެރެގެން ގެނެސް ފުލުހުންގެ ބަހަށް އެރުވުނެވެ. ހިސާބުގައި އުޅޭ އަވަށްޓެރިންނާއި މަގުގައި ހިނގާބިނގާވެ އުޅޭ އެންމެންގެ ކުރިމަތީގައެވެ. އޭރުވެސް އަކްމަލްއަށް ވިސްނެމުންދިޔައީ އޭނާގެ އަމިއްލަ ނަފްސަށްވުރެ ވެސް ބޮޑަށް ޒީވައަށް ވާނެގޮތަކާމެދުއެވެ. ބަހުގެތެރޭގައި ދެމީހުން ތިބިއިރު ޒީވާ އެއްފަހަރު ވެސް އަކްމަލްއަށް ބަލާނުލިއެވެ. ހިތަށްވީ ތަދުން އަކްމަލްއަށް ދެލޯމަރާލެވުނެވެ. އަދި ދެކަކުލުގައި އަތްއަޅުވާލުމާއެކު އޭނާއަށް ވެސް އިސްޖެހިއްޖެއެވެ. ބަސްހުއްޓިއްޖެއެވެ.

ތިލަފުށިން މާލެ އެރުނުއިރު ލަބީބަށް އާދެވޭނެކަމަށް ހީކުރި ގަޑިއަށްވުރެ މާބޮޑަށް ވެސް ލަސްވެއްޖެއެވެ. މާލެ އަންނަން ލޯންޗުގައި އިންދާ ޝީރީން ދެތިންފަހަރަށް ގުޅަން ވެސް ގުޅައިފިއެވެ. ކީއްވެގެންކަން ލަބީބަށް އެނގޭކަހަލައެވެ. އަޑުގަދަކަމުން ދައްކާ ވާހަކަ ސާފުނުވާނޭތީ އޭނާ އިނީ ފޯނު ނުނަގާށެވެ. މާލެ އެރުމުން ޝީރީނަށް ނުގުޅީ އަވަހަށް ގެއަށް ދާން ބޭނުންވެފައި ހުރިވަރުންނެވެ. ހާޝިރުއާއެކު ޕާކިން ޒޯނުގައި ބެހެއްޓި އޭނާގެ ސައިކަލު ހޯދަމުން އައިސް އެ ފެނުމުން ގެއަށް އާދެވުނީ ދިހަވަރަކަށް މިނެޓުފަހުންނެވެ.

“ހަމަ ދެންމެ މި މާލެ އެރީ، ވީ އެންމެ އަވަހަކަށް މިއައީ ގެއަށް، ކޮބާތަ އެމަންޖެ؟ އަހަރެން ލަސްވެގެން އަކްމަލް ދިޔައީތަ؟” ސިޓިން ރޫމުން އެތެރެއަށް ވަންއިރަށް ސޯފާގައި އިން ޝީރީން ފެނި ލަބީބު ވާހަކަދައްކަންފެށިއެވެ. އޭނާއަށް ޝީރީންގެ މޫނުމަތިން ފެންނަމުންދާ ހާސްކަން އޭރު ފާހަގަނުކުރެވެއެވެ.

“ލަބީބު، ޒީވާ ވީ ބޭރަށް ގޮސް، އަކްމަލްއެއް ނާދޭ މިގެއަކަށް” ޖެހިލުންވެފައި ހުރިގޮތަކަށް ޝީރީން ވާހަކަދެއްކިއެވެ.

“ބޭރަށް ގޮހޭ، ކޮންތާކަށް” ދެބުމަކައިރިކޮށްލެވުމާއެކު ލަބީބަށް އަހާލެވުނެވެ.

“ރޭއްސުރެން ޒީވާ އުޅުނީ ފިލާވަޅުހެދުމާ ދަސްކުރުމުގައި، މިއަދު އޭނާއާއެކު ކޯހުގައި އުޅޭ ކުއްޖެއްގެ ގެއަށް ގުރޫޕު ސްޓަޑީސް ހަދަން ދާން ބުނީމަ އަހަރެން ބުނީ ދާށޭ، ގޭގައި ތަޅުލައިގެން ގެންގުޅޭވަރު ކުއްޖެއްނޫނެންނު އެއީ، އަނެއްކާ މިހާރު އަހަރުމެންގެ ރުހުން ހޯދަން ޒީވާ ނުލާހިކު މަސައްކަތްކުރޭ… އެހެންވީމައާއެކު އަހަންނަށް އޭނަ ފޮނުވުނީ” ކުރެވުނީ ކުށެކޭ ހީވެފައި ހުރިކަހަލަ ގޮތަކަށް ޝީރީން ވާހަކަދެއްކިއެވެ.

“ދެން ގުޅައިފިންތަ އޭނައަށް، މިހާރު އެއޮތް ނުވައެއްޖެހީ، ދިޔަތާކުން އަންނަންވެއްޖެއެންނު، މިހާއިރު ވާންދެން ޔަގީނުން ވެސް ކިޔަވާކަށް ނޫޅޭނެ” އެހެން ހުރިހާކަމެއްގެ މަތިން ލަބީބު ހަނދާންނެތުނުކަހަލައެވެ. ގެއަށް އައުމުން ލިބުނީ ކަންބޮޑުވާވަރުގެ ޚަބަރެކެވެ. އަންހެން ދަރިފުޅު ގެއިން ބޭރުގައި އުޅޭއިރު އޭނާ އުޅޭނޫޅޭތަނެއް ނޭގުމަކީ ހާސްވެ ކަންބޮޑުވާންޖެހޭވަރު ކަމެކެވެ.

“ވަރަށް ގުޅައިފިން، ފޯނު އޮންނަނީ ނިއްވާލާފައި، އަހަރެން ހަނދާންވާގޮތުގައި ހަސްބާމެންގެއަށް އޭނާ ދިޔައީ، އަހަންނަކަށް ނޭނގެ އެގެއަށް ކިޔާނަމެއް ވެސް އަދި ގުޅޭނެ ނަންބަރެއް ވެސް، އެކަމަކު އެގެ ހުންނަތަން އެނގޭ، ހިނގާބަލަ އެގެއަށްދަމާ، ފަހަރެއްގައި ޒީވާގެ ފޯނު ނިވިފައި ވެސް އޮވެދާނެ” ޝީރީން ބެލީ ނުބައިގޮތަކަށް ނުވިސްނާވޭތޯއެވެ.

“ލަމްޔާ އެބައުޅޭތަ ގޭގައި؟ އެހެންވެއްޖެއްޔާ އެ މަންޖެ ގާތު ބުނެފައި ދާންވާނީ، ކުޑަދެމީހުން ގާތު ހުންނަން އޭނާއަށް އެނގޭނީ އޭރުން” ތުނިތުނިކޮށް ހުރި ތުނބުޅީގައި އަތްހާކާލަމުން ލަބީބު ބުންޏެވެ. ލަބީބު ފެނި ކޮޅަށް ތެދުވެވުނު ޝީރީން އަވަސްވެގަތީ ލަމްޔާގެ ކޮޓަރިއަށް ދިއުމަށެވެ.

“ތިވަރުގެ ކަމެއް ވެގެން އުޅޭއިރު، އަޅެ މަންމަ ނުވެސްބުނެ ތިހުންނަނީ” ލަމްޔާ ވެސް ކަންބޮޑުވާގޮތްވިއެވެ. ޒީވާއަށް ވީގޮތެއް ނޭނގޭތީއެވެ.

“ބައްޕާ، އަހަންނަށް ފެންނަނީ އެގޭ ދޮށުގައި ސައިކަލު ހުރިތޯ އިހަށް ބަލަން، ޒީވާ ދިޔައީ ސައިކަލުގައި، އެހެންވީމަ އޭނާ އެގެއަށް ވަންނާނި އެހިސާބުގައި ސައިކަލު ޕާކުކޮށްފައި، އެގޭގައި ޒީވް ނެތިއްޖެއްޔާ ވަރަށް ހުތުރުކަމަކަށް މިކަންވާނެ، އެގޭމީހުން ވެސް އޭރުން ސުވާލު އުފެދޭނެ، ޒީވާއާމެދު ތަފާތު ނަޒަރަކުން މީހުން ދެކެންފަށާފާނެ މިކަމުގެ ސަބަބުން، މައިންބަފައިންނަށް ނޭނގި އައިސް އުޅެނީއޭ…” ލަމްޔާގެ ވިސްނުން އެކިކޮޅުކޮޅަށް ހިންގާލިއެވެ. އޭނާ އެބުނި އެއްޗަކާމެދު ލަބީބާއި ޝީރީން ވެސް ވިސްނާލިއެވެ. ތެދެކެވެ. ދަރިފުޅު ހޯދަން ގޭގައަށް ދިއުމަކީ އެ މީހުންގެ ކުރިމަތީ އަމިއްލަ ދަރިފުޅުގެ އަގުވެއްޓިދާނޭ ފަދަ ކަމެކެވެ. މައިންބަފައިންނަށް އެމީހުންގެ އަމިއްލަ ދަރިފުޅު ވީތަން ނޭނގޭނަމަ ޚުދު އެމީހުންނަށް ވެސް ދިއްކުރާ އިނގިލިތައް ގިނަވާނެއެވެ. ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ނުދެވުންކަމުގެ ނަން އެ ފަދަ މައިންބަފައިންގެ ބޮލުގައި އެޅޭނެކަން ކަށަވަރެވެ.

“ހިނގާބަލަ ސައިކަލު ފެނޭތޯ. އަހަންނަށް ހީވަނީ ލަމްޔާ އާއި ޝީރީން ކަންނޭނގެ ދާންވީ، ދަރިފުޅުގެ ސައިކަލު ވަކިކުރަން އެންމެ މޮޅަށް އެނގޭނީ ހަމަ ދަރިފުޅަށް، އެހެންވީމަ ބައްޕަގެ ސައިކަލުގައި ދާންވީނު” ވިސްނަން ހުރެފައި ލަބީބު ބުނެލިއެވެ. އޭނާގެ އެ ޚިޔާލަށް ޝީރީން ވެސް އެއްބަސްވިއެވެ. އެއާއެކު ލަބީބު ދިއްކޮށްލި ތަޅުދަނޑީގައި ހިފަމުން ޝީރީން ގޮވައިގެން ލަމްޔާ ގެއިން ނުކުތެވެ.

ޝީރީން ކިޔައިދިން ގޮތަށް ހަސްބާ އުޅޭ ގޭ ކައިރީ ހުރި ހުރިހާ ޕާކިން ޒޯނެއް ބެލިއިރު ވެސް ލަމްޔާގެ ސައިކަލެއް ނުފެނުނެވެ. އެނބުރި ގެއަށް އައިސް ވަނީ ދެމައިން ވެސް މަޔޫސްވެފައި ތިބެއެވެ. މާލޭގެ އެކި ހިސާބުގައި ލަމްޔާ ދުއްވިއިރު ވެސް އޭނާގެ ސައިކަލު ލޮލުގައި އަޅައެއްނުގަތެވެ. އިހުނަށްވުރެ ކަންބޮޑުވެ ހާސްވީ ދެނެވެ.

“ހަމަ ނުފެނުންތަ؟” ދެމައިން އެކުގައި ސިޓިން ރޫމު ދޮރުން ވަންތަން ފެނިފައި ލަބީބަށް އަހާލެވުނެވެ. މާޔޫސްވެފައި ހުރެ ޝީރީނާއި ލަމްޔާ ދެފަރާތަށް ބޯހޫރާލިއެވެ.

“ފުލުހުންނަށް ގުޅަންވީނު، ދިހައެއް ވެސް ޖަހާ ދިޔައީ މިސަކަރާތެއްގައި އުޅެނިކޮށް، ތިބުނީވިއްޔާ މެންދުރު ގެއިން ނުކުތް ކުއްޖާއޭ، އަކްމަލްމެންގެ ހުންނަތަނެއް ވެސް އެނގޭނަމަތާ އެގެއަށް ހޯދަން ދާނީ ވެސް، މީތަންފުކެއް ބޮޑުވަރުކަންނޭނގެ” ހާސްވިވަރުން ބޮލުގައި އަތްހާކާލެވުނު ލަބީބު ނުރުހުންވެފައި ހުރެ ބުންޏެވެ.

“ލަބީބު، ޒީވާއަކީ ވިޔާނުދާ ކުއްޖެއްނޫން، އޭނާއަށް ކޮންމެވެސް ކަމެއްވެއްޖެޔޭ އަހަރެންގެ ހިތްބުނަނީ، އެހެންނޫނީ މިހާއިރުވާންދެން އޭނާ ގެއަށް ނައިހެއް ނުހުންނާނެ، އަވަހަށް ހިނގާބަލަ ފުލުހުންނަށް ގުޅަމާ، އަހަރެން ބިރުވެސް ގަންނަންފަށައިފި، މާރާމާރީ އާއި މީހުންމެރުން ހައްދުފަހަނަ އަޅާފައި އޮތްއިރު އަހަރެންގެ ޒީވާއަށް… ސުބްޙާނަﷲ، ހިތަށާއި ސިކުނޑިއަށް މިހިރަ ވަންނަ ބިރުވެރި ޚިޔާލުތައް، އަހަންނަށް ހަމަ ޔަގީން ޒީވާއަށް ކަމެއްދިމާވެގެންކަން ގެއަށް ނާދެވިގެން އެ އުޅެނީ” ޝީރީން ހާސްވެގެން އުޅެންފެށިގޮތުން ލަމްޔާ ކަންބޮޑުވިއެވެ. އަވަހަށް މަންމަ ހަމައަކަށް އެޅުވުމަށް އެނާ މަސައްކަތްފެށިއެވެ. ޒީވާއަށް ދެރަގޮތެއް މެދުވެރިއެއްނުވާނެކަމުގައި ވިސްނައިދޭން ފެށިއެވެ.

ލަބީބު ފުލުސް އޮފީހަށް ގުޅިއެވެ. ޒީވާ ގެއްލިގެން އުޅޭކަމުގެ ޚަބަރު އެމީހުނަށް ދިނުމުން ޒީވާއާ ބެހޭ މަޢުލޫމާތު އެމީހުން ނެގިއެވެ. އަދި ޒީވާގެ ޚަބަރެއް ވުމުން އެކޮޅުން ގުޅާނެކަމުގައި ބުންޏެވެ. މާ އެދެވޭ ޖަވާބެއް ފުލުހުންގެ ފަރާތުން ނުލިބުމުން ލަބީބު އިތުރަށް ހިތްހަމަނުޖެހުނެވެ. އެހެންނަމަވެސް އިތުރަށް ކުރެވޭނެކަމެއް ނެތެވެ. ދެން އޮތްގޮތަކީ އަދިވެސް ޒީވާ ފެނޭތޯ ބަލަން މާލެތެރެއަށް ނުކުތުމެވެ. ކުއްލިއަކަށް ޒީވާގެ ފަރާތުން ކުރިމަތިމިވީ ކަންތަކުން ލަބީބު ހިތްހަމަނުޖެހޭގޮތްވިއެވެ. އަނެއްކޮޅުން ދަރިފުޅަށް ދެރަގޮތެއް މެދުވެރިވެދާނޭތީ އެހާމެ ކަންބޮޑުވެސް ވެއެވެ.

“އަހަރެން މިއަހަނީ ކާކު ކުރިކަމެއްހޭ އެއީ” ރުޅި އައިސް ރަތްވެފައި ހުރި ވާފިރު ހަޅޭލަވައިގަތެވެ. އިރުއޮއްސުނުތަނާ އަކްމަލް އާއި ޒީވާ ގެއިން ނެރެގެން ގެންދިއުމާއެކު ގޭގެ ހަތަރު ފާރު ގުގުމާލާފައި ވަނީ ވާފިރުގެ އަޑުންނެވެ. އެކަކުވެސް އެކައްޗެކޭ ނުބުންޏެވެ. ސުހާނާ އިވޭކަމަށް ވެސް ހަދާނުލާ އޭނާގެ ކޮޓަރިއަށް ދިޔައެވެ. އިސްޖެހިފައި ހުރެފައި ވާފިރުގެ އަޑުމަޑުނުވެގެން އަދީލު ވާހަކަދެއްކިއެވެ. ދުވަހަކު ވެސް އޭނާގެ ބައްޕަ އެހާ ގަދަ ރުޅިއެއް އައިސްފައި ހުއްޓަ މިފެނުނީ ފުރަތަމަ ފަހަރަށެވެ. އެހެންވެ ބާރަށް އެއްޗެއް ބުނާކަށް ވެސް ނުކެރުނެވެ.

“އަހަންނާއި މަންމަ ތިބީ ބަދިގޭގައި ސައިބޯން، ސިޓިން ރޫމުތެރޭ ސުހާނާ އަޑުގަދަކޮށްލައިގެން އުޅެނިކޮށް އަހަރުމެން ނުކުތީ، އޭރު ގޭތެރެއަށް ފުލުހުން ތިބީވަދެ، އަކްމަލްގެ ކޮޓަރިއާ ހަމައަށް އެމީހުން ގެންދިޔައީ ވެސް އޭނާ، ދެންވީގޮތެއް ބައްޕައަށް ވެސް ފެނުނެންނު” މަޑުމަޑުން އަދީލު ބުނެލިއެވެ.

“އަހަރެން މިރޭ މިގޭގައި ނިދާކަށް ވެސް ބޭނުމެއްނޫން” ދަތްކުނޑިވިކާލައިގެން އެތަށްއިރަކު ހުރެފައި ވާފިރު ބުނެލިއެވެ.

“ވާފިރު، ކޮންތާކަށް ތިދަނީ؟” ގެއިން ނުކުންނަން ދިއުމަށް ވާފިރު އެނބުރިލުމާއެކު ކުއްލިއަކަށް އޭނާގެ އަތުގައި ނަބީހާ ހިފެހެއްޓިއެވެ.

“މިވަގުތު މިގޭ ހަތަރުފާރުގެތެރޭ ހުރުމަށްވުރެ ނިކުމެ މަގުމަތީގައި ހުންނަން ވެސް މާ ހިތަށް ފަސޭހަ، މިހާވަރުގެ ކަމެއްވެގެން ދިޔައިރު ނަބީހާއަށް އެއްޗެއް ބުނާކަށް ހަމަ ނޭނގުނު ދޯ، ބަލަ އަހަރެން ނެތްތަނުގައި މިގޭ އިސްމީހަކީ ތީއޭ، އަހަރެންމީ އެމީހުންގެ ބައްޕަ، ތީ އެމީހުންގެ މަންމަ، ކީއްވެތަ ސުހާނާ ނުހުއްޓުވެންވީ، އެއީ އަންހެންދަރިއެއް، ބޮޑުވެފައި ހުއްޓަސް އޭނާގެ ކަންތައްތައް ހައްދުފަހަނައަޅައި އެ ދިޔައީ، އެވަރުންވެސް ނަބީހާއަށް ކުރެވުނުކަމެއް ހަރާން….” ވާފިރު އެއްޗެހިކިޔެވެ. އެތަނުގައި އިތުރަށް ހުންނާކަށް އަދީލަކަށް ނުކެރުނެވެ. މަންމަ އާއި ބައްޕަގެ ޒުވާބުގެ ތެރެއަށް އޭނާ ވަންނަން ބޭނުންނުވަނީއެވެ.

“ވާފިރު، ހެޔޮނުވާނެ ތި ރުޅިމަޑުކޮށްބަލަ، ގެއިން ނުކުމެގެން ދިއުމަކީ ހައްލެއްތަ؟ ދެންވެސް ހިނގާބަލަ އަކްމަލް ގެއަށް ގެނެވޭތޯ އުޅެމާ” ނަބީހާ މިހެން ބުނުމުން ވެސް އެ އަޑުއަހާކަށް ވާފިރު ބޭނުމެއްނުވިއެވެ. އޭނާ ނަބީހާގެ އަތްފޮޅުވާލުމާއެކު ގެއިން ނުކުންނަން ހިނގައިގަތެވެ. ނަބީހާ، އޭނާގެ ބަރުހެލިކަމާއެކު ވާފިރުގެ ފަހަތުން އައެވެ.

“ވާފިރު، މަޑުކޮށްބަލަ… އަހަރެން ހަދަންވީ ކިހިނެއްތަ؟ ސުހާނާ މިގެއިން ނެރެންވީތަ؟ ވާފިރު ބުނެބަލަ، ދަރިންނަށް އަނިޔާކުރާވަރަށް ވުރެ އެމީހުން އެތިބީ ބޮޑެތިވެފައި… އަހަންނަކަށް ނޭނގެ ދެން ހަދަންވީ ކިހިނެއްކަމެއް، ބަލަ އަހަރެން ވެސް ހިޔެއްނުކުރަމޭ ސުހާނާ އެވަރުގެކަމެއް ކޮށްފާނެއެކޭ، އެވަރަށް އަކްމަލްއާމެދު ހިތުގައި ނަފުރަތު އުފެދި ހަސަދަލާފާނެއެކޭ…” ނަބީހާ ކަންބޮޑުވަނީ ވާފިރު ގެއިން ނުކުމެގެންދާތީއެވެ. އަކްމަލްއަށް ވާނީ ކިހިނެއްކަން ނޭނގޭތަނުގައި ވާފިރު ވެސް ގެއިން ނުކުމެގެން ދިއުމަކީ ނަބީހާ އިތުރަށް ހާސްވާކަމެކެވެ. ނަބީހާ ދެއްކި ވާހަކައަށް އެއްވެސް އެއްޗެއް ބުނުމެއްނެތި ވާފިރު ނުކުމެގެން ދިޔައީއެވެ. އޭރު ސިޓިން ރޫމު ދޮރުމަތީ ބޭރު ދޮރޯޓަށް ބަލަހައްޓައިގެން ނަބީހާ ހުރީ ދެން ހަދަންވީ ކިހިނެއްކަމެއް ނޭނގިފައެވެ.

ރޭގަނޑުގެ ހަތަރުދަން ހުސްވެގެން ދިޔައިރު ޝީރީނަކަށް އަދި ލަބީބަކަށް ވެސް ލޮލުފިޔަ ޖަހައެއްނުލެވުނެވެ. އެނދުގައި ތިބެތިބެފައި ދެމަފިރިން ތެދުވީ ލަބީބުގެ ފޯނުން އިވިގެންދިޔަ ފަތިސްނަމާދުގެ ބަންގީގެ އަޑަށެވެ. ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ކިޔާނެ އެއްޗެއް އިތުރަށް ނެތުނީކަންނޭނގެއެވެ. ދެމީހުން ވެސް ފިކުރު ބޮޑުވެފައި ތިބީ ޒީވާއާ މެދުއެވެ. ދަރިފުޅާ މެދު ކަންބޮޑުވިވަރުން ޝީރީނަށް ރޮވެންވެސް ރޮވުނެވެ. ހިތްބިރުގަނެފައިވަނީ އިންތިހާއަށެވެ. ފުލުހުންގެ ފަރާތުން އެއްވެސް އިޝާރާތެއް ނުވެގެން އެކަމާ ވެސް ދެމަފިރިން އިތުރަށް ހާސްވެއެވެ.

ފަތިސް ނަމާދުކޮށްގެން ޝީރީން އައިސް ލަމްޔާގެ ކޮޓަރީގެ ދޮރު ހުޅުވާލިއިރު އޭނާއެއް ނެތެވެ. ކުއްލިއަކަށް ހާސްވެގެން ތެޅިގަނެވުނީ ކީއްވެކަމެއް ނޭނގެއެވެ. ލަމްޔާއަށް ތަންކޮޅެއް ބާރަށް ގޮވަންފެށުނެވެ. އެހިނދު ބަދިގެ ފަރާތުން ލަމްޔާގެ އަޑުއިވުނެވެ.

“މަންމާ، އަހަރެން މިހިރީ… ކިހިނެއްވީ؟ ޒީވްގެ ޚަބަރެއްވީތަ؟” ބަދިގެ ފަރާތުން ހަލުވިކޮށް ނިކުތް ލަމްޔާ އަހާލިއެވެ.

“ނޫން…. ދަރިފުޅު، ދަރިފުޅު ނުނިދަންތަ ރޭގައި” ކުޑަ ރަތްކަމެއް އެކުލެވިފައި ހުރި ލަމްޔާގެ ދެލޯ ފެނިފައި ޝީރީނަށް އަހާލެވުނެވެ.

“ސައިތަށްޓެއް ބޯލަންވީނު، އަހަރެން މިއުޅެނީ ކޮފީއެއް ބޯލައިގެން ބޭރަށް ނިކުމެލަންވެގެން، ކުޑަކޮށް ދުއްވާލަންކަމަށް، ފަހަރެއްގައި ސައިކަލު ފެނިވެސް ދާނެ، މިހެން އަނގަނަގައިގެން ނުއެއް ތިބެވޭނެއެންނު، ފުލުހުންނަށް އެންގިއެއްކަމަކު އެމީހުންގެ ފަރާތުން ހިޔެއްނުވޭ އަވަހަކަށް ކަމެއް އޮޅުންފިލާނެހެނެއް” ލަމްޔާގެ ވާހަކައިން އޭނާ ކަންބޮޑުވެފައި ހުރިވަރު ޝީރީނަށް ނަގައިގަނެވުނެވެ.

“މަންމަ ކުރި ސުވާލަށް ޖަވާބެއް ނުދެމެންނު، ރޭގައި ނުނިދަނީހޭ، ބޭރަށް ދުއްވަން ނިކުތީމަ އޮފީހަށް ދާނީ ކިހިނެއް” ޝީރީން ބުނެލިއެވެ.

“މަންމާ، ޒީވްއަށް ވީގޮތެއް ނޭނގޭއިރު ނިދޭނެތަ؟ ގޭތެރެވެސް ހީވަނީ ކުއްލިއަކަށް ފަޅުވެއްޖެހެން، ދެ ދުވަހުގެ ޗުއްޓީއެއް އޮފީހުން ނަގަން ވެރިޔާއަށް މެސެޖުކޮށްލާފައި މިހިރީ، އޮފީސް ހުޅުވީމަ އަދި ގުޅާލާނަން ނުދެވޭނެއޭ ބުނަން، މަންމާ، ޒީވްއަށް ވީގޮތެއް ނޭނގެނިސް އޮފީހަށް ދިޔަޔަސް އަހަންނަށް އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދެވޭނެ، އަހަންނަށް އެނގޭ މަންމަމެން ހާސްވެ ކަންބޮޑުވެފައި ތިބިވަރު، މިވަގުތު މަންމަމެން ގާތު އަހަރެން ހުރުން ވަރަށް މުހިންމު” ލަމްޔާ، ސައިތަށްޓެއް ހަދައިގެން ގެނެސް ކާމޭޒު ދޮށުގައި އިން ޝީރީނުގެ ކުރިމަތީ ސައިޖޯޑު ބެހެއްޓިއެވެ.

“ހަނދާނެގޮތް ހުސްވެއްޖެ، މުޅިން ބޯގޮވައިފި…. ކުއްލިއަކަށް ޒީވްއަށް މިވީ ކިހިނެއްތަ؟ މަންމަ ހިތަށްއަރާ އިއްޔެ ޒީވް ގެއިން ނުކުންނަން އެދުނީމަ އެކަމާ ދެކޮޅު ހެދުނު ނަމައޭ، ބޭރަށް ދިއުމުގެ ހުއްދަ ނުދެވުނުނަމައޭ، ގައިމުވެސް އޭރުން ޒީވް ހުރީހީ ގޭގައި، މިކަމެއް ނުހިނގީސް” މޭޒުގައި އުޅަންބޮށި ވިއްދާލަމުން އެއަތުން ނިތްކުރީގައި ހިފަހައްޓާލަމުން ޝީރީން ބުންޏެވެ.

“މަންމަ އަހަރުމެން ގެންގުޅެނީ އަހަރުމެން ބޭނުންވާ މިނިވަންކަން ދީގެން، އަހަރުމެން ކުދިންނަށް އިތުބާރުކުރޭ، އެކަން ޒީވްއަށް ވެސް އެނގޭނެ، އޭނާ، މަންމަމެން ދެރަވާވަރުކަމެއް ނުކުރާނެ، އެވަރު ޔަގީންކުރޭ… މީ މަންމަގެ ސަބަބުން ވީގޮތެއްނޫން، އަހަންނަށް އެނގޭ ބައްޕަ ވެސް އެހެން ހިޔެއްނުކުރާނެކަން، މިވަގުތު ބައްޕަ ވެސް އެހުރީ ވަރަށް ހާސްވެ ކަންބޮޑުވެފައި، އަހަރުމެން މިހެން އުޅުނީމަ ރީމް އާއި ރުވާ ސުވާލުކުރަން ފަށާފާނެ، އެމީހުންނަށް އަދި މިކަން އަންގާކަށް ނުފެނޭ” ލަމްޔާ މަޑުމަޑުން ވާހަކަދެއްކިއެވެ. އެވާހަކަތައް ބަދިގޭ ދޮރުކައިރީ މަޑުކޮށްލައިގެން ހުރި ލަބީބަށް ސާފުކޮށް އަޑުއިވުނެވެ.

“އޭތް! ތެދެއްތަ؟” ބަދިގެތެރެއަށް ވަދެގެން އައި ޒުބޭދާގެ އަޑު ތެލި ދޮންނަން ސިންކު ދޮށުގައި ހުރި ނަބީހާއަށް އިވުނެވެ.

“ކޮންކަމެއް ތެދުވެގެން މާހެދުނަކާ މިގެއަށް ތިއައީ، ހަސަނަށް ސައިވެސް ނުދޭ ދުވަހަކީތަ؟” މާ ހެނދުނަކާ ޒުބެއިދާ ފެނުމުން އެއައީ ރަނގަޅުކަމަކާ ނޫންކަން ނަބީހާގެ ހިތްބުންޏެވެ. އެހެންނަމަވެސް އޭނާ ގާތު ނުކުންނާށޭ ބުނަން ނަބީހާ ބޭނުންނުވީ މިހާރު އޭނާ އަނގައިން ބުނާ ހަމައެކަނި ރައްޓެއްސަކީ އެއީކަމަށްވާތީއެވެ. ކޮންމެ ނިޔަތެއްގައި ވިޔަސް އެގެއަށް ނަބީހާގެ ހާލު ބަލާލަން ކިރިޔާ ވެސް ވަދެލާ މީހަކީ ޒުބޭދާ އެކަނިވިއްޔާއެވެ.

“މަގޭ ހަސަނު ބުނިވާހަކައެއްމީ، އެކުން މާ ހެނދުނަކާ މިއާދެވުނީ ވެސް އިވުނު ވާހަކައިގެ ޒާތުން، ތެދު ދޮގު އޮޅުން ފިލުވާލާ ހިތުން” ކާމޭޒު ދޮށުން ގޮނޑިއެއް ދަމާލާފައި އިށީން ޒުބޭދާ ބުނެލިއެވެ.

“ކީކޭތަ ހަސަނުބުނީ” ލަމުންދިޔަ ނޭވާ ހިފަހައްޓާލަމުން ކަހަލަ ގޮތަކަށް ނަބީހާ މިހެން ބުނެލީ ޒުބޭދާ އަހަން އުޅޭ ވާހަކަ އޭނާއަށް އެނގިހުރެއެވެ.

“މިގޭ އަކްމަލް، އެ ސޮރު ޕޮލިސް ޖިޕަށް އަރުވައިގެން ގެންދިޔައްޔޯ، އެއީ ތެދެއްތަ؟ ދޮގެއްނަމަ މީ ނުދައްކާ ވާހަކައެއް، ފަހަރެއްގައި ހަސަނަށް އޮޅިވެސް ދާނެ” ޒުބޭދާ ކިތަންމެ ނޫންކަމަށް ހެދިގެން ވާހަކަދެއްކި ނަމަވެސް އޭނާގެ އަޑުގައި ހުރީ އެއިވުނު ވާހަކަ ޤަބޫލުކޮށްގެން ހުރި ފަދަ ރާގެކެވެ.

ނަބީހާ އެއްޗެއް ނުބުނެ ތެލިދޮވެ ނިންމާލަފައި ދެން ވެސް ސިންކުގައި ހުރި ތަށިތައް ދޮވެފައި ތަށި ހަރުގަނޑުގައި ބަހައްޓާލިއެވެ. އަދި ސިންކާ ދިމާލުގައި އަޅުވާފައި އޮތް ކުޑަ ތުވާލިކޮޅުން އަތްފޮހެލާފައި އައިސް ކާމޭޒުދޮށުގައި ޒުބޭދާއާ ކުރިމަތިވާގޮތަށް އިށީނެވެ. އޭނާގެ ހަމަހިމޭންކަން ޒުބޭދާއަށް އިތުރު ޔަގީންކަމެއް ދިންކަހަލައެވެ. އިތުރަށް ވާހަކަދައްކަން ޒުބޭދާ ފެށީ އެހެންވެއެވެ.

“އަކްމަލްއޭ ބުނީމަ އަހަންނަށް ފުރަތަމަ ޤަބޫލު ވެސް ނުކުރެވުނު، އެކަމަކު ނަބީހާ އެއްޗެއް ނުބުނީމަ މިހާރު އެނގިއްޖެ ހަސަނު އެދެއްކީ ތެދުވާހަކައެއްކަން، ނިކަން ވީގޮތް ކިޔާދީބަލަ، އެ ސޮރު ކީއްތަކުރީ، ގޮތަކަށް އުޅޭނެއެކޭ އަހަރެންގެ ހިތެއްނުބުނޭ، މިގޭގަ އެންމެ މަޑުމަޑުން ހުންނަނީ ވެސް އަކްމަލް” ރިޕޯޓަރަކު ވެސް އޮޅުން ފިލުވަން ބޭނުންނުވާވަރަށް ޒުބޭދާ ކަންތައްވީގޮތް އެނގެން ބޭނުންވިއެވެ.

“ވީގޮތެއް އަހަންނަކަށް ވެސް ނޭނގެ، ތިވާހަކަ ދައްކާކަށް ފަސޭހައެއްނޫން، އަހަންނަށް ވެސް މިހުންނަނީ ޤަބޫލުނުކުރެވިފައި” ދެފަރާތަށް ބޯހޫރާލަމުން ނަބީހާ ބުނެލިއެވެ.

“މިހާރުގެ ކުދިންގެ ގޮތެއް ނޭނގޭނެ، އަހަރުމެން ދަރިން ބޮޑެތި މިކުރަނީ ކިހާ ވަރަކުން، އެކަމަކު އެމީހުން ނުދަންނާނެ އެވަރެއް، ނަސޭހަތްދިނަސް ޤަބޫލެއް ވެސް ނުކުރާނެ، ފިޔަފަޅައިގެން އުދުއްސައިގަންނަން ތިބޭނީ ލަސްވެފައި، އެއްޗެއް ބުންޏަސް އަހަރުމެން ވަރުގެ ނުބައިބަޔަކު ނުތިބޭނެ، ހީވާނީ އަހަރުމެންނަކީ އެމީހުންގެ ހަތުރުންހެން، މިހާރުގެ ކުދިންނަށް މައިންބަފައިންނަށްވުރެ އެމީހުންގެ ރައްޓެހިން ގާތްވާނެ، އަހަންނަށް ހީވަނީ އަކްމަލް ވެސް ރައްޓެހިންގެ އަވައިގައިޖެހިގެން ހެން ތިއުޅެނީ، ވަޒީފާއަށް ނުކުންނަން ފެށީމަ ފާޑުފާޑުގެ ރައްޓެހިންވެސް ވާނެ ވިއްޔާ…” ޒުބޭދާގެ ވާހަކަ އަޑުއަހަން ނަބީހާ އިނެއްކަމަކު އޭނާއަށް އެދައްކާ ވާހަކައަށް މާބޮޑު ސަމާލުކަމެއް ނުދެވެއެވެ. ސިކުނޑީ ވަނީ ހާސްވެފައެވެ. އެއްދަރި ސަލާމަތްކުރަން އަނެއްދަރި ބަދުނާމު ކުރަންވީ ބާއޭ ނަބީހާގެ ހިތަށް އަރަމުންދިޔައެވެ. ހަމައެކަނި ހުރި އަންހެން ދަރިފުޅު މީހުންގެ ކުރިމަތީ ފަޟީޙަތްކުރަންވީ ބާއެވެ. ސުހާނާ އިންނަން އުޅުނީ މަސްތުވާތަކެތި ބޭނުންކުރާ މީހަކާކަން ނޭނގޭ ރަޙުމަތްތެރިއަކު ނަބީހާގެ ނެތެވެ. ވީއިރު އިތުރަށް އެ ދަރިފުޅު ބަދުނާމު ކުރުމީ މިވަގުތު ކުރަން އެންމެ ރަނގަޅު ކަންތައްބާއޭ ނަބީހާގެ ޟަމީރާ އޭނާ ސުވާލުކުރަމުން ދިޔައެވެ.

“އޭތް!، ދެން ފިކުރުބޮޑުނުވޭ، އަހަންނަށް އެހީއެއް ވެދެވެން އެބައޮތްތަ؟ ނުބުނެ ނުހުންނައްޗޭ، ބުނީމަ ކޮށްދެވެން އޮތްކަމެއްވިއްޔާ ކޮށްދެވޭނީ ވެސް، އެނގޭ ނަބީހާ ތިއިނީ ވަރަށް ކަންބޮޑުވެފައިކަން، ދަރިއަކަށް ކަމެއްވީމާ ކަންބޮޑުނުވާނީ ކޮންމައެއް، ކޮބާތަ ވާފިރު، ނިދާފަތަ؟ ނޫނީ މާއަވަހަކަށް އޮފީހަށް ދިޔަ ދުވަހަކީތަ؟” ޒުބޭދާ ހަޤީޤަތުގައި ވެސް ނަބީހާއަށް އެހީތެރިވެދޭން ބޭނުންވެގެން ބުނެލިއެވެ. ރައްޓެހިންގެ ތެރޭގައި ފޮނިކެނޑުމާ ބޮޑާވުމަކީ ޒުބޭދާގެ ޠަބީޢަތް ނަމަވެސް އެކަމާ ފާޑުނުކިޔާ ހަމައެކަނި ރައްޓެއްސަކީ ނަބީހާއެވެ. ވީއިރު އޭނާއަށް ބޮޑުކަމެއް ޖެހުނު ވަގުތު ޒުބޭދާ ވެސް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވީއެވެ. އެ ދެމެދުގައި އުފެދިފައި އޮތް ޒަމާންވީ އެކުވެރިކަމަށްޓަކަ ވެސް މެއެވެ.

“މަންމާ، މިއޮތީ ޒީވްގެ ރައްޓެހިކުއްޖާގެ ނަންބަރު، ހިނގާ ގުޅާލަމާ” ޒީވާގެ ކޮޓަރީގައި ހުރިއްޔާ ހުރި އެއްޗެއް ހާވަމުން ބަލަމުން ދިޔަ ލަމްޔާ އެ ކޮޓަރީގައި ހަމަ އެ މަސައްކަތުގައި އުޅުނު ޝީރީނަށް ގޮވާލާފައި ބުނެލިއެވެ.

“އަވަހަށް ގުޅާބަލަ، ނަސީބެންނު ނަންބަރު ފެނުނުކަން” ހާސްވެފައި ހުރި ޝީރީން އަލަމާރި ކައިރިން ތެދުވެގެން އައިސް ލަމްޔާގެ ގާތުގައި ހުއްޓިލިއެވެ. އަދި ލަމްޔާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރީ އޭނާ ޒީވާގެ ނޯޓު ފޮތަކުން ފެނުނު ނަންބަރަށް ގުޅާ ޒީވާއަށް ވީގޮތެއް އޮޅުން ފިލުވަންދެނެވެ.

“އެހެންތަ، އާން! އޯކޭ، ތެންކިޔު އިނގޭ” ލަމްޔާ ފޯނުން ވާހަކަދައްކާ ނިންމާލުމާއެކު ޝީރީނަށް ބަލާލީއެވެ. އެހިނދު ޝީރީން އަވަސްވެގަތީ ފޯނުގެ އަނެއްކޮޅުން ލަމްޔާއާ ވާހަކަ ދެއްކި ޒީވާގެ ރަޙުމަތްތެރިޔާ ބުނީ ކީކޭތޯ އެހުމަށެވެ.

“މަންމާ، ޔަޤީންތަ ޒީވް ބުނީ ހަސްބާމެންގެއަށޭ ދަނީ” ލަމްޔާ އަނެއްކާ ވެސް ޔަގީންކޮށްލަން އަހާލިއެވެ.

“ކިހިނެއްވީ؟ ކީކޭތަ އޭނާ ބުނީ، މަންމަ ގާތު ޒީވާ ބުނީ ހަސްބާގެ ނަން” ހާސްވެފައި ހުރެ ޝީރީން ބުނެލިއެވެ.

“ހަސްބާ ބުނީ ޒީވް އޭނާއަށް ނުގުޅާ ވާހަކަ، އަދި އެގެއަށް ޒީވް އަންނަގޮތަށް ހަމަޖެހިފައެއްނެތްކަމަށް، ގުރޫޕް ސްޓަޑީޒް ހަދާވާހަކަ ޒީވް އޮތީ ދައްކާފަޔޯ، އެހެނަސް ވަކި ދުވަހެއް އަދި ކަނޑަނާޅަޔޯ” ލަމްޔާ ގާތު ހަސްބާ ދެއްކި ހުރިހާ ވާހަކައެއް އޭނާ ޝީރީނަށް ކިޔައިދިނެވެ.

“ކިހާ ދެރަކަމެއްމީ، ޒީވާ ވީތަނެއް ހުރި ހާލެއް އެނގެނީއެއްނޫން، ފޯނަށް ގުޅެނީއެއްނޫން، ސައުވީސް ގަޑިއިރުވީ…. އެވަރުގެ ދޮގެއް އެކުއްޖާ ހަދަންޖެހުނީ ކީއްވެތަ؟ އަހަންނަށް މާބޮޑަށް ރުޅި އާދެވުނީތަ؟ އެކަމަކު ދަރިންދެކެ ރުޅިއައުމަކީ މައިންބަފައިންނަށް އޮތް ހައްޤެއް، ބަސްނާހާނަމަ އަދަބުވެސް ދޭންޖެހޭނެ….” ހާސްވިވަރުން ގޮސް ވާހަކަދައްކަމުން ދިޔަ ޝީރީނަށް ރޮވިއްޖެއެވެ. ލަމްޔާ އަވަސް އަވަހަށް އެނދުމަތީގައި ހުރި ޒީވާގެ ފޮތްތައް އެއްފަރާތްކޮށްލަމުން ޝީރީން އެތަނުގައި ބޭންދިއެވެ.

“މަންމާ، ދެން ނުރޮއެ، މަންމައަށް ކަމެއް ކުރެވިގެނެއްނޫން ޒީވް އެހެން ކަންތައް އެކުރީ، ވެގެން އުޅޭގޮތެއްގެ ހަޤީޤަތް ކިޔައިދެވޭނީ ހަމަ ޒީވްއަށް، އޭނާ ވީތަނެއް އެނގެންދެން ކެތްތެރިވުން ނޫންގޮތެއް މިވަގުތު ނެތް” ލަމްޔާ، ޝީރީންގެ ކޮނޑުގައި ހިފާ ގާތްކޮށްލައިގެން އިނދެ ބުނެލިއެވެ.

ބަންދުކޮޓަރިގަނޑެއްގައި އަކްމަލް ބައިންދާފައި އިންއިރު އޭނާއަށް ހަމަވިސްނުން ލިބެމުންދިޔައެވެ. އަދި ކުރިން ހަށިގަނޑަށް އިޙްސާސްކުރެވުނު ހުސްކަން ފިލާ ހާލަތާމެދު ކުރިއަށްވުރެ ބޮޑަށް ވިސްނެން ފެށުނެވެ. އޭރު ޒީވާ ވީ ހިސާބެއް ވެސް ނޭނގެއެވެ.

މަޑުމަޑުން އިނދެވުނު ތަނަށް އަކްމަލް ނަޒަރު ހިންގަން ފެށިއެވެ. ކުޑަކަމުދާ އެއްޗެހި ނެގުމަށްޓަކައި އެ ކުޑަކޮޓަރިގަނޑަށް ބަޔަކު ވަނދެފައި ނުކުތްފަހުން އިތުރު ބަޔަކު ނުވަދެއެވެ. ގަޑިން ވީއިރެއް ވެސް ނޭނގެއެވެ. އެ ކޮޓަރީގެ ކަނެއްގައި ކުރުކޮށްލެވިފައި ހުރި ދެކަކޫމަތީ އަތްއަޅުވާލައިގެން އިނުމަށްފަހު އަކްމަލް މަޑުމަޑުން ތެދުވިއެވެ. އަދި މެދުގައި ހުރި މޭޒާއި އޭގެ ދެފަރާތުގައި ހުރި ގޮނޑިއަށް ބަލާލުމަށްފަހު އައިސް އެއްފަރާތުން ގޮނޑިއެއް ދަމާލަމުން އޭގައި އިށީނެވެ. ތަނުގެ އުދާސްކަން އަކްމަލްއަށް އިހުސާސްވުމާއެކު ބޮލާއި ކަނދުރާގައި އަތްހާކާލެވުނެވެ. އަދި އެތަނަށް ވަދެވެން ހުރި ހަމައެކަނި ދޮރާ ދިމާލަށް ބަލަންފެށިއެވެ. ހީވަނީ އެތަނަށް މީހަކު އަންނާނެ އިރެއްގެ އިންތިޒާރުގައި އިންހެނެވެ.

ކަންބޮޑުވުމާއި ބިރުވެރިކަމުގެތެރޭގައި އިން ޒީވާ ސިހުނީ ދޮރުހުޅުވާލިއަޑަށެވެ. ފުލުހުންގެ މީހަކު ވަދެ އޭނާއާ އެކިއެކި ސުވާލުކުރަން ފެށިއެވެ. އަކްމަލް ދަންނަނީ ކިހިނެއްތޯއާ އެގެއަށް ޒީވާ ދިޔައީ ކީއްކުރަންތޯ ވެސް އެމީހުން އެހިއެވެ. އަދި މަސްތުވާތަކެތި ބޭނުންކޮށްފައި ހުރިކަމުގައި އޭނާގެ ކުޑަކަމުދާ އެއްޗެހިން ކުރި ތަހުލީލުން ޔަޤީންވެފައިވާކަމުގައި ބުނުމުން އިތުރަށް ޒީވާ ހާސްވިއެވެ. ޒީވާގެ ޢާއިލާއަށް އެންގުމަށްޓަކައި ފޯންކޯލެއް ކުރުމުގެ ހުއްދަ ތަޙުޤީޤުކުރަން އައިސް އިން ފުލުސްމީހާ ދިނުމުންވެސް ޒީވާއަށް އެއްޗެއް ބުނާކަށް ނޭނގުނެވެ. ދެލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ދެއަތުން ފުހެމުން އިސްޖެހިފައި ޒީވާ އިންނަން ފެށުމުން ފުލުސްމީހާ ތަންކޮޅެއް ބާރަށް ހަރުކަށިކޮށް ވާހަކަދެއްކިއެވެ. އެންމެފަހުން ޒީވާ ވާހަކަނުދެއްކުމުން އެ ފުލުސްމީހާ ނުކުމެގެން ދިޔައީއެވެ. އެހިނދު ޒީވާގެ ބަޑިފަޅައިގެން ދިޔައެވެ. މޫނުގައި ދެއަތްއަޅާ ބާރަށް ރޮވިއްޖެއެވެ. އެޔެއްމިޔެއްނުބަލާ މޭގައި ފޮރުވިފައި އޮތް ހިތް ބާރަށް ތެޅެމުންދިޔައީ ޢާއިލާއަށް އޭނާގެ ޚަބަރު ލިބުމުން ކަންތައްވާނެގޮތް އެނގޭތީއެވެ. ބައްޕަގެ ކަންފަތަށް އަޑުއަހަން ކުޅަދާނަނުވާނެތީއެވެ. ޒީވާގެ މުޅި ދިރިއުޅުން ހަލާކުގެ ތެރެއަށް ވެއްޓިގެންދިޔައީއެވެ.

“ސަރ، ރޭގައި މިކޮޅަށް ގެނެވުނު އަންހެން ކުއްޖާގެ ބެލެނިވެރިން ގުޅައިފި، ޢާއިލާއަށް އެއްވެސް ކަމެއް އަދި ނޭނގޭހެން ހީވަނީ، މިކޮޅުގައި ބަންދުގައި އިންކަން އެމީހުންނަށް އަންގަންވީތޯ، އާމިރު ސަރ ހުންނެވީ ޖަވާބެއްގެ އިންތިޒާރުގައި” ހަމްދޫނުގެ ކޮޓަރިއަށް ވަދެގެން އައިސް އޭނާގެ މޭޒުކައިރީ ހުއްޓިލަމުން މަޖުދީ ބުނެލިއެވެ. އެއާއެކު ހަމްދޫނު އޭނާގެ ކުރިމަތީ ހުރި ދެގޮނޑިން ކުރެ ގޮނޑިއަކަށް އިޝާރާތްކޮށްލީ އެތަނުގައި މަޖުދީ ބައިންދަން ބޭނުންވެގެން ކަހަލައެވެ.

“ކުއްޖާއަށް ބަލާލާފަ ހިޔެއްނުވޭ އާންމުކޮށް މަސްތުވާތަކެތި ބޭނުންކުރާ ކުއްޖެއްހެން، ޢަމަލުތައް ހުރީ އެހެނެއްނޫން، އެކަމަކު ސާބިތުވީމާ ފިޔަވަޅު ވެސް އަޅަންޖެހޭނެތާ، އަނެއްކާ ރިޕޯޓުގައި އެބައޮތް އެދެމީހުން ތިބި ހާލަތު ވަރަށް ރަނގަޅަށް، އެމީހުންގެ އަތުން ވެސް މަސްތުވާތަކެތި ފެނިފައިވުމުން މައްސަލަ ވަރަށް ރަނގަޅަށް ބަލަންވެސް އެބަޖެހޭ” ހަމްދޫނުގެ ވާހަކަތަކާއި މަޖުދީ ބުނި އެއްޗަކާއި ދިމަލައެއްނުވިއެވެ. އޭނާ އެވަގުތު އެ އިނީ މާބޮޑަށް އަކްމަލް އާއި ޒީވާގެ މައްސަލައިގެ ތެރެއަށް ވަދެފައި ހެންހީވެއެވެ.

“ސަރ، ބެލެނިވެރިއަކަށް އެންގުމަކީ މިކޮޅުން ކުރަންޖެހޭ ކަމެއްނޫންތޯ، ގެއިން ފިލައިގެން ގޮސްގެން އުޅެނީކަމަށް ވެސް ލަފާކުރެވޭ، މީހަށް ބަލާލާފައި ޔަޤީންކުރުމަކީ އަޅުގަނޑުމެންގެ އުޞޫލެއްނޫނެއްނޫންތޯ، ބޭނުންވާ ހުރިހާ ހެއްކެއް ހުރިއްޔާ މައްސަލަ ދިގުދެމިގެނެއް ނުދާނެ ނޫންތޯ” މަޖުދީ ބޭނުންވީ އޭނާގެ ޚިޔާލު ފާޅުކުރުމަށްވުރެ ކަންއޮތްގޮތަށް ވާހަކަދެއްކޭތޯއެވެ. އަނގަމަތީ އަތްއަޅުވާލައިގެން އިނދެ މަޑުމަޑުން މަތިމަހުގައި ޝަހާދަތް އިނގިލި ހާކަމުން ހަމްދޫނު، މަޖުދީގެ ވާހަކައަށް ބޯޖަހާލިއެވެ.

“މިކޮޅުން ކުރަންޖެހޭ ހުރިހާކަމެއް ކުރިއަށް ގެންދޭ، ދެން ދަމުން ބޭރު މޭޒުކައިރީ އިމްރާނު އިންނާނެ، އޭނާ ގާތު ކެބިންނަށް ވަދެލުމަށް ބުނެލަދޭތި” ހަމްދޫނު މިހެން ބުނުމުން، މަޖުދީ އަދަބު އަދާކުރުމަށްފަހު އެތަނުން ނުކުތެވެ.

* * * *

“ކީކޭ؟… ނުވާނެ ތިހިނެއް…. ޒީވާ… ޒީވާ… އަޅުގަނޑު ބޭނުން ދަރިފުޅާ ބައްދަލުކުރަން” ކަންފަތުގައި ފޯނު ޖަހާލައިގެން ހުރި ލަބީބުގެ އަޑު ގަދަވިއެވެ. އެވަގުތު އޭނާއަށް ހުރެވުނުތަން ވެސް ހަނދާންނެތުނު ކަހަލައެވެ. ފޯނު ކަންފަތާއި ދުރުކޮށްލެވުނު އިރު މީހާގެ މޫނު މަތިން ހާސްކަން ފާޅުވޭވޭ ހުއްޓެވެ. ސޯފާއިން ތެދުވެގެން ދުވެފައި ކަހަލަ ގޮތަކަށް ޝީރީން އައިސް ލަބީބުގެ ގާތުގައި މަޑުކޮށްލީ ސުވާލުން ފުރިފައި ހުރެއެވެ. ލަބީބުގެ ބޮޑުވެފައި ހުރި ދެލޯ ފެނި ޝީރީން އޭނާގެ އަތުގެ މުލައްދަނޑީގައި ހިފާ ތަޅުވައިގަތެވެ.

“ކާކުތަ ގުޅީ، ޒީވާ ކޮބާތަ؟” ޝިރީން ސުވާލުކުރަންފެށިއެވެ.

“އޭނަ… އޭނަ އިނީ ފުލުހުންގެ ބެލުމުގެ ދަށުގައި” ޤަބޫލުނުކުރެވިފައި ހުރި ފަދަ ގޮތަކަށް ލަބީބު ބުނެލިއެވެ.

“ސުބްހާނަﷲ، ތީ ހަމަ ތެދެއްތަ؟” ޝީރީނަށް ވެސް ވީ ލަބީބަށް ވީފަދަ ގޮތަކެވެ. ލިބުނީ ސިހިގެންދާވަރުގެ ޚަބަރެއްވިއްޔާއެވެ. ޝީރީން އަވަސްވެގަތީ ލަމްޔާގެ ކޮޓަރިއާ ދިމާލަށެވެ. ހަލުވިކޮށް އައިސް އެ ކޮޓަރި ހުޅުވާލިއިރު ލަމްޔާ އިނީ ފޯނުން ވާހަކަތަކެއް ދައްކާށެވެ. އެހެންނަމަވެސް މަޑުކުރުމެއްނެތި ޝީރީން ވާހަކަދައްކަންފެށިއެވެ. އޭނާގެ ހާސްކަންފެނި ލަމްޔާ އަވަސް އަވަހަށް ފޯނު ބޭއްވިއެވެ. އަދި މަންމަ ކިޔާ އެއްޗަކަށް ސަމާލުކަން ދިނެވެ.

“ކާކު އެހެން ބުނީ” ކުއްލިއަކަށް އެނދުން ތެދުވަމުން ލަމްޔާ ބުނެލިއެވެ. އެއާއެކު ޝީރީން ދުއްވައިގަތީ ލަބީބުގެ ގާތަށެވެ. ހާސްވެފައި ހުރިވަރުން ކުރެވޭނުކުރެވޭ ކަމެއް ނޭނގެއެވެ.

“ލަބީބު، ކާކުތަ އެހެންބުނީ” ސިޓިން ރޫމު ދޮރުކަނީގައި އެއްއަތް ވިއްދާލައިގެން ފުރަގަހަށް އެނބުރި އިސްޖެހިފައި ހުރި ލަބީބަށް ޝީރީން ގޮވާލަމުން ބުނެލިއެވެ.

“ފުލުސްއޮފީހުން ގުޅީ…” ދެރަވެ ނާންއުންމީދުވެފައި ހުރި ފަދަ ގޮތަކަށް ލަބީބު ބުނެލިއެވެ. ހުރިފިޔަވަޅުމަތީގައި ހުރެފައި ޝީރީނަށް ދެލޯމަރާލެވުނެވެ. އެވަގުތު ލަމްޔާ އައިސް އޭނާގެ ކޮނޑުގައި ހިފަހައްޓާލިއެވެ.

“ބައްޕާ، އަހަރެންގެ ރައްޓެސަކު ހުންނާނެ، އޭނާއަށް ގުޅައިގެން އުޅެނިކޮށް ދެންމެ މަންމަ އައީވެސް، އޭނަ ގާތު ބުނެގެން މިއުޅެނީ ޒީވާގެ ޚަބަރެއް އެތަނުގެތެރޭން އޮޅުން ފިލައިފިއްޔާ އަންގާލަ ދޭން، މިވީ ގޮތުން މިޖެހުނީ މިއިވުނީ ތެދު ޚަބަރެއްތޯ ޔަޤީންކުރާކަންނު” ކަންބޮޑުވެފައި ހުރި ލަމްޔާ ބުނެލިއެވެ.

“ލަމްޔާ، ދަރިފުޅު އަވަހަށް ގުޅާބަލަ އޭނާއަށް، ފަހަރެއްގައި އެމީހުން އެދައްކަނީ އެހެން ޒީވާއެއްގެ ވާހަކަ ކަމަށްވެސް ވެދާނެ” ޝީރީން ކުޑަކޮށް ވެސް ޤަބޫލުކުރާކަށް ބޭނުމެއްނޫނެވެ.

ލަމްޔާ އޭނާގެ ރަޙުމަތްތެރިޔާގެ އެހީގައި ކަންތައްވީގޮތް އޮޅުން ފިލުވިއެވެ. އޭނާއަށް ވެސް ހުރިހާކަމެއް ނޭނގެއެވެ. އެނގެނީ ޒީވާ އެތަނަށް ގެނެވުނީ ފިރިހެންކުއްޖަކާއެކު މަސްތުވާތަކެތި ބޭނުންކޮށްގެން އެއްކޮޓަރިއެއްގައި ތިއްބައިކަމެވެ. ވާހަކަތައް ހުރީ ލަމްޔާ އަޑުއަހަން ބޭނުންވާރަށްވުރެ ހުތުރުކޮށެވެ. ފޯނު ކޯލު ނިންމާލިއިރު އޭނާއަށް އިވުނު ހުރިހާ ވާހަކައެއް މަންމަމެން ގާތު ކިޔައިދޭނީ ކިހިނެއްބާއޭ ލަމްޔާގެ ހިތަށް އަރަމުންދިޔައެވެ. މަޑުމަޑުން “ޒީވާ”ގެ ނަން ލަމްޔާއަށް ކިޔާލެވުނެވެ. ހީވީ ޒީވާ ތިކުރީ ކީނހޭ ބުނަން ބޭނުންވެފައި އިންހެނެވެ.

“ދަރިފުޅާ، ލަމްޔާ… މަޑުމަޑުން ނީނދެ އޭނާ ބުނިއެއްޗެއް ކިޔައިދީބަލަ” ޝީރީންގެ ކެތްތެރިކަން ކޮޅުންލިއެވެ.

“ޒީވް… ޒީވް މަސްތުވާތަކެތި ބޭނުންކޮށްގެންނޯ، ފިރިހެންކުއްޖަކާއެކު…. ކޮޓަރިއެއްގައި…” ލަމްޔާއަށް އިތުރަށް ބުނާކަށް ފަސޭހައެއްނުވިއެވެ. އޭނާ ތިރީތުންފަތުގައި ނިކަން ބާރަށް ދައިގަތީ އެހެންވެއެވެ. މަންމަމެން ބޭނުންވިޔަސް ކޮއްކޮއާމެދު ހުތުރު ބަސްތަކެއް ބުނަން ބޭނުންނުވާތީއެވެ. ވަގުތުން ލަމްޔާގެ ކަރުއެލިއްޖެއެވެ. އެހިސާބުން ޝީރީން، އޭނާއަށް އިވުނު ޚަބަރު ތެދުކުރިއެވެ. ދެންވާނީ ކިހިނެއްކަން ނޭނގި މޭގައި އަތްއަޅާލެވުމާއެކު ލަބީބަށް ބަލާލެވުނެވެ. މަޑުމަޑުން ތެދުވެގެން އައިސް ލަބީބުގެ ފުރަގަހުން ކޮނޑުގައި އެއްއަތްޖައްސާލެވުނެވެ. އެ އަތުގައި ލަބީބު ނިކަން ބާރަށް ހިފާލީ ދަރިފުޅާމެދު އޭނާ ކުރި ހުރިހާ އުންމީދެއް ފުޑުފުޑުވެއްޖެކަމުގެ އިޝާރާތެއްގެ ގޮތުންނެވެ.

“މިއަދު އަހަރެންގެ އަނގައިން ބަސްހުސްވެއްޖެ، ޒީވާ… ޒީވާ… މަސްތުވާތަކެތި ވެސް ބޭނުންކުރަނީ…” ދެފަރާތަށް ބޯހޫރަމުން ކުރެހިފައިވާ އަޑަކުން ލަބީބު ބުނެލިއެވެ.

* * * *

އަކްމަލްގެ މައްސަލަ އަވަސްކުރުމަށް ވާފިރު މަސައްކަތްކުރަމުން ދިޔައިރު އޭނާއާ ލަބީބު ފުރަތަމަ ފަހަރަށް ބައްދަލުވީ ފުލުސް އޮފީހުގެ ތެރެއިންނެވެ. އެއީ ޒީވާގެ ބައްޕަކަން އެނގުނެއްކަމަކު ޒީވާގެ ކުށެއްނެތްކަން ހާމަކުރާކަށް ވާފިރަކަށް ނުކެރުނެވެ. އޭނާގެ ހިތްއެދެމުންދިޔައީ އަކްމަލްގެ ފަރާތުން ޚުދު އޭނާ ގޮސް މާފަށް އެދޭށެވެ. ހިނގިކަމެއް ހިނގީ އޭނާގެ ގޭގެ ހަތަރުފާރުތެރޭގައެވެ. ޒީވާއަށް އެބޮނޑި ލިބުނީ ޚުދު އޭނާގެ ދަރިއެއްގެ ފަރާތުންކަމަށްވީތީ އެކަމާ މިއަދު އޭނާ ދެރަވެއެވެ. ޒީވާއާ މެދު ހަމްދަރުދީވެއެވެ. ވީ އެންމެ އަވަހަކަށް އެކުއްޖާ އޭނާގެ ޅީދަރިއެއްގެ ގޮތުގައި އެގެއަށް ގެންނަން ބޭނުންވެއެވެ. އޭރުން ވެސް ޒީވާގެ ހަޔާތުގައި މިޖެހުނު ލަނގަނޑުން ބައެއް ފިލުވާލެވިދާނެކަމުގައި ހީކޮށެވެ. އެހެންނަމަވެސް ލަބީބުގެ މޫނުމަތީން ފެންނަމުން ދިޔައީ ނުރުހުމާ ރުޅިވެރިކަމުގެ ކުލަތަކެވެ. އެވެސް ޚާއްޞަކޮށް އަކްމަލް ފެނުމުންނެވެ.

ފުލުހުން މަސައްކަތް ކުރަމުން ދިޔައީ އަކްމަލް އާއި ޒީވާ މަސްތުވާތަކެތި ހޯދި ގޮތެއް އޮޅުންފިލުވާށެވެ. އެތައްދުވަހެއްވަންދެން ތަޙުޤީޤުގައި ދެމީހުން ބޭތިއްބިއިރު ވެސް އެކަން އޮޅުން ފިލާގޮތެއްނުވިއެވެ. ދެމީހުން ވެސް އެއްބަސްވީ އެމީހުންނަށް މަސްތުވާތަކެތި ބޭނުންކުރެވުނީ ކިހިނެއްކަމެއްނޭނގޭކަމަށެވެ. އަދި ދެމީހުން ސައިބުއިމަށްފަހު އަމަލުވީކަމަށެވެ. އެ ސައި ގެނެސްދިނީ ސުހާނާކަމުގައި ވެސް ދެމީހުން ބުނެފައިވެއެވެ. އެހެންނަމަވެސް ސުހާނާ މި ކަމުގައި ބައިވެރިވިކަމުގެ އެއްވެސް ހެއްކެއްނެތުމުން އަކްމަލް އާއި ޒީވާގެ ވާހަކަތައް ފުލުހުން ޤަބޫލެއްނުކުރެއެވެ. އެންމެފަހުން އެމީހުންގެ މައްސަލަ ނިމުނީ ޕީޖީ އޮފީހާ ހިސާބުންނެވެ. އެތަނުގެ އުސޫލުތަކަށް ގެނެވުނު ބަދަލާއެކު އަކްމަލް އާއި ޒީވާ ދޫކޮށްލެވުނީ ޖިނާއީ ކުށެއްކޮށްގެން ދައުވާކުރަން ހުށަހަޅާފައިވާ ފުރަތަމަ ފަހަރުކަމަށްވާތީ، މި މައްސަލައިގައި ދައުވާނުކޮށް ފައިލުކުރަމަށް ޕީޖީ ނިންމުމާގުޅިގެންނެވެ. ދެ ޢާއިލާގެ މެންބަރުންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެންދިއެއްކަމަކު އަކްމަލް އާއި ޒީވާއަށް ކުޑަވެސް ހަމަޖެހުމެއް ނުލިބުނެވެ. ދެމީހުންގެ ދެމެދަށްވަނީ ހީވެސް ނުކުރާވަރުގެ ހިމޭންކަމެއްވެރިވެފައެވެ. ޒީވާ އަނގައިން ނުބުނި ތަނުގައި އިސްއުފުލާ ބަލާވެސް ނުލިއެވެ. އަކްމަލް ހުރީ ހަމަ އެންމެ ފަހަރަކު ވިޔަސް ޒީވާ އޭނާއަށް ބަލާލާތޯއެވެ. ނަމަވެސް ދެމީހުންގެ ޢާއިލާގެ މީހުން ގާތަށް ދިއުމަށްޓަކައި ވަކިވީ އެކުއެކީގައި އައިހެވެ. ދެފަރާތުގައި އޮތް ދެޖިޕަށް ދެމީހުން އެރުމަށްޓަކައި އުޅެފައިވެސް ފަސްއެނބުރި ބަލަލާލެވުނީ އެއްވަގުތެއްގައެވެ. ހަތަރުކަޅި ބައްދަލުވުހިނދު ދެމީހުންނަށް ވެސް ފުންއަސަރުތަކެއް ކުރިއެވެ. އަކްމަލްއަށް ކަރުނަތައް ބޮނޑިވެފައިވާ ޒީވާގެ ދެލޯ ސާފުކޮށް ފެނުނެވެ. އަނގަހުޅުވާލީ އެއްޗެއް ބުނަންކަމަށެވެ. އެހެންނަމަވެސް އެއަށްވުރެ ކުރިން ޒީވާ އިސްޖަހާލާފައި ބަހަށްއަރައިފިއެވެ.

ދޮރޯށިން އެތެރެއަށް ޒީވާ ވަންނަން ފިޔަވަޅު އަޅާލިއިރަށް އޭނާއަށް ލަބީބު ފެނިއްޖެއެވެ. ވަގުތުން ނެގި ފިޔަވަޅަށް ހުއްޓުން އައެވެ. ފުލުހުންގެ މީހާ ދިޔައީ ޢާއިލާއާ ޒީވާ ހަވާލުކޮށްފައެވެ. އެހެންނަމަވެސް ދޮރޯށިން އެތެރެއަށް ފިޔަވަޅުތަކެއް އަޅާކަށް ޒީވާއަކަށް ނުކެރުނެވެ. މިހާ ދުވަހު ޢާއިލާގެ މީހަކު އެއްވެސް އެއްޗެއް ނުބުނެއެވެ. އެހެންނަމަވެސް އެމީހުން އެތިބީ މި ދުވަހަކަށް މަޑުކޮށްގެންކަން ޒީވާއަށް އެނގެއެވެ. ލަބީބާއި ޝީރީނަކީ މީހުންގެ ކުރިމަތީ ދަރިންގެ އަގުވަށްޓާލާ ބައެއްނޫނެވެ. އެހެންނަމަވެސް މިއަދު ޒީވާ އެވަނީ އޭނާގެ މައިންބަފައިންގެ އަގު ދުނިޔޭގެ ކުރިމަތީ ވަށްޓާލާފައެވެ. އެމީހުން ދިން ތަރުބިއްޔަތުގެ އެއްވެސް އަގެއްނެތްކަން ހާމަކޮށްފައެވެ. އެމީހުން ދިން ނަސޭހަތުގައި ކޮޅުންފައިންޖަހާފައެވެ. ގަސްދުގައި ނޫނަސް މިއަދު އޭނާގެ ހަޤީޤަތް އެނގެން އެކަކުވެސް ބޭނުމެއްނުވާނެކަން ޒީވާ ޤަބޫލުކުރެއެވެ. އަދި މީގެ ފަހުން އޭނާ ދައްކާ ވާހަކަ ޤަބޫލުކުރާނެ މީހަކު ވެސް ނުހުންނާނެއެވެ. އުމުރު ހުސްވިޔަސް ހަޔާތުގައި މިޖެހުނީ ނުފިލާވަރުގެ ލައްގަނޑެކެވެ.

“ޒީވާ، އާދޭ އެތެރެއަށް” ދޮރުމަތީ ލަބީބު ހުއްޓާ އެތަނަށް ނުކުތް ޝީރީން ބުންޏެވެ. ގަނޑުވެފައި ހުރި ހިލައިގެ ބުދެއްހެން ދެންވެސް ޒީވާ ހުރީ ގުޑިލަން ނޭނގިފައެވެ. ޝީރީން ނުކުމެގެން އައިސް ޒީވާގެ އަތުގައި ހިފައިގެން ގޭތެރެއަށް ވެއްދިއެވެ. އޭރު ރީމް އާއި ރުވާ ބަލަހައްޓައިގެން ތިބީ ޒީވާ އެހުރީ ކުއްވެރިވެފައިކަން އެމީހުންނަށް އެނގޭތީ ކަހަލައެވެ. މަންމަ އާއި ބައްޕަ ރުޅިއަންނަވަރުގެ ކަމެއް ޒީވާ ކޮށްފިކަން އެކުދިންނަށް ވެސް އެނގިއްޖެއެވެ.

“ދޭކޮޓަރިއަށް، ބޮޑެތިމީހުން ވާހަކަދައްކާއިރު އެތަނުގައި ނުތިބޭށޭ ބުނީމެންނު، ރީމް، ރުވާގޮވައިގެން ދޭ” ހަރުކަށިގޮތަކަށް ޝީރީން ބުނެލިއެވެ. އެހިނދު ޒީވާގެ ހިތުގެ ހިނގުން ކުރިއަށްވުރެ ވެސް އަވަސްވެގެންދިޔައެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *