“ޒީވާ، އެހެންތަ، މީ އަކްމަލް އޮފީސްކުއްޖެއްތަ؟ އަންނަންވީނު ޒީވާ ގޮވައިގެން ކާން” ނަބީހާއަށް ޒީވާގެ ވަނަވަރު އަހާނުލައި ނުހުރެވިގެން އުޅޭ ފަދަ ގޮތަކަށް ބުނެލިއެވެ.
“ޒީވް، ކާނަންތަ؟” އަކްމަލް މިހެންބުނެލިއިރު ހީވީ އޭނާއަށް މަޖުބޫރުވެގެން ބުނެލިހެންނެވެ.
“ސާބަސް އަކްމަލްއަށް، ކާނަންތޯ ނާހާ، ޒީވާ ގޮވައިގެން ބަދިގެ ފަރާތަށް އާދެބަލަ” ނަބީހާ މިހެން ބުނެ ހިނގައިގަތީ އަކްމަލް، ޒީވާ ގޮވައިގެން އޭނާގެ ފަހަތުން އަންނަކަން ޔަޤީންވީމައެވެ.
ސޯފާގައި އިން ވާފިރަށް އަކްމަލް އާއި ޒީވާ، ނަބީހާގެ ފަހަތުން ސިޑިން ފައިބައިގެން އަންނަތަން ފެނުނެވެ. އެންމެފަހުން ނުހުރެވިގެން ނަބީހާ އަކްމަލް ހޯދަން ދިޔައީކަން ވާފިރަށް އެނގުނެވެ. އޭނާ އެކަމާ ކުޑަކޮށް ހިތްހަމަނުޖެހުނެއްކަމަކު އަކްމަލްގެ ކުރިމަތީގައި އެކަން ހާމަކުރާކަށް ބޭނުމެއްނުވިއެވެ.
“ނަބީހާ، އަހަރެން މިދަނީ ބޭރަށް، ތަންކޮޅެއް ލަސްވެދާނެ” ސޯފާއިން ތެދުވެ ވާފިރު، ނަބީހާ ބަދިގެއަށް ވަނުމުގެ ކުރިން ގޮވާލާފައި ބުނެލިއެވެ. މިފަހަރު ނަބީހާގެ ސަމާލުކަން ވާފިރަށް ނުލިބުނެވެ. އޭނާ ވާފިރަށް ބަލާލާފައި ބޯޖަހާލަމުން ބަދިގެތެރެއަށް ވަދެގެން އައެވެ. އަދި ކާމޭޒުމަތި ކާއެއްޗެހި އެޅި ތަށިތަކުން ފަޅުފިލުވާލިއެވެ. އަކްމަލް ކާމޭޒު ދޮށުން ގޮނޑިއެއް ދަމާލަމުން ޒީވާ އިށީނުމަށް ގޮނޑި ދައްކާލިއެވެ. އެއާއެކު ބަހެއް ވެސް ނުބުނެ ޒީވާ މަޑުމަޑުން ގޮނޑީގައި އިށީނެވެ. އޭނާއާ ޖެހިގެން މޭޒުގެ ކޮޅުގައި ހުރި ގޮނޑީގައި އަކްމަލް އިށީނެވެ.
“ކޮންގެއަކު ކުއްޖެއްތަތީ؟ މާލޭ ކުއްޖެތަ؟” ނަބީހާ ޖޫސްތަށްޓެއް ގެނެސް ޒީވާގެ ކައިރީ ބަހަށްޓަމުން ވަރަށް ހިނިއައިސް އަހާލިއެވެ. އެހިނދު ޖަވާބެއްގެ ގޮތުން ޒިވާ ލަސްލަހުން ބޯޖަހާލިއެވެ.
“އަކްމަލްގެ ރަޙުމަތްތެރިން މިގެއަކަށް ނާންނާނެ، އެހެންވީމަ އައިފަހަރު ދާންވާނީ ކައިގެންނު ދޯ، ރަނގަޅަށް ކައްޗޭ، ދެން ލަދުން ނީނދެ އެއްޗެހި އަޅާބަލަ، އަކްމަލް، ދަރިފުޅު ފަށާބަލަ، އޭރުން ޒީވާ ވެސް ފަށާނެ” ނަބީހާގެ ފަރާތުން އެހެންޏާ ނުފެންނަ ގާތްކަމެއް އަކްމަލްއަށް ފެންނަމުންދިޔަ ނަމަވެސް އެއީ އޭނާ ޒީވާގެ ލޮލުގައި އަޅުވާ އަނދުނެއްކަން އަކްމަލް ދެނެހުއްޓެވެ. ހަޤީޤަތުގައި އޭނާ އިނީ ނަބީހާ، ޒީވާއަށް ސުވާލުކުރާތީ އެކަމާ ހިތްހަމަނުޖެހިފައެވެ. އަދީލު ގެއަށް އަންހެން ކުދިން ގެނެޔަސް ނަބީހާ އެގޮތަކަށް ނޫޅެއެވެ. ވީއިރު އޭނާ އާއިއެކު އެގެއަށް އަންހެން ކުއްޖަކު އައުމަކީ ނަބީހާއަށް މައްސަލައަކަށް ވެގެން ނުވާނެއެވެ. އަދި އަކްމަލްގެ ހޮވުމާމެދު ނަބީހާ ސުވާލުކުރުމަކީ ވެސް އޭނާ ބޭނުންވާގޮތެއް ނޫނެވެ. ކަމެއް އެނގެން ބޭނުންނަމަ އަހަންވީ ޚުދު އަކްމަލްގެ ގާތުގައެވެ.
“ވަރަށް އަވަހަށް ޒީވް ގެއަށްލާން ދާންޖެހޭ” އަކްމަލް އަވަސްއަރުވާލާފައި ކާން ފަށަމުން ބުނެލިއެވެ. ބޭނުންވީ ނަބީހާގެ ސުވާލުތައް އިތުރަށް ޒީވާއަށް އަމާޒުވިޔަ ނުދިނުމެވެ.
“އެހެންވިޔަސް ކައިގެން ދެވިދާނެއެންނު… މަންމަ ނޫޅެމޭ އަކްމަލް ހުއްޓުވާކަށް” ނަބީހާގެ މޫނުމަތިން ފެންނަނީ ވަރަށް ހަމަޖެހިފައި ހުރިކަމުގެ ކުލަވަރެވެ. އޭނާއަށް ވެސް އާކަމަކަށް ވެގެން އުޅެނީ މީގެ ކުރިން އަކްމަލް އަންހެން ކުއްޖަކު ގޮވައިގެން އުޅޭތަން އެއްގޮތަކަށް ވެސް ފެނިފައި ނުވާތީއެވެ. އެނގެން ބޭނުންވަނީ އަކްމަލް ކޮންގޮތަކަށް ވިސްނައިފައި އެގެއަށް ގެނައި އަންހެން ކުއްޖެއްތޯއެވެ. އަނެއްކާ ވާފިރު ބުނިހެން އަކްމަލް ޒަވަޖީ ހަޔާތަކާމެދު ވިސްނަނީ ބާއޭ ވެސް ނަބީހާގެ ހިތަށް އެރިއެވެ. އޭނާއަށް ވިސްނިފައި އޮތްގޮތުގައި ގޭގައި ކިތަންމެ ބައިވަރު ދަނބިދަރިންނެއް އުޅުނެއްކަމަކު މައްސަލަތަކެއް ނުޖެހޭނެއެވެ. އެހެންނަމަވެސް އޭގެ ބަދަލުގައި ގިނަފަހަރަށް މައިދަތައާ މައްސަލަޖެހެނީ ގެއަށް އަންނަ ޅީދަރިންނާއެވެ. ވީމާ ޒީވާއަކީ އަކްމަލްއާ ކިހާ ގާތްކަމެއް އޮތް ކުއްޖެތޯ ނަބީހާ އޮޅުންފިލުވާނެއެވެ. އެގެއަށް އާދެވެނީ އޭނާއާ ގުޅިގެން އުޅެވޭނޭ ފަދަ ޅީދަރިއަކަށެވެ. އަނގައިން ނުބުނެ އިނެއްކަމަކު ނަބީހާއަށް ހަމަބެލެނީ ޒީވާއަށެވެ. ލަދުން އިނދެ ބަތްފުކަކަށްފަހު ބަތްފުކެއް އަނގަޏަށް ލަމުން ޒިވާ ދިޔައެވެ. އޭނާއަށް ވެސް ނަބީހާގެ ނަޒަރު އޭނާއާ ދިމާލަށް ހުއްޓިފައި ހުރިކަން އެނގޭކަހަލައެވެ. އިސްއުފުލާލަން ނުކެރިފައި އިނީ އެހެންވެ ކަމަށްވެދާނެއެވެ.
“ނިމުނީ…” ނަބީހާ ބުނީތީ އިންކާރުކުރަން ނުކެރި އިނދެ ބަތްއަޅާ ސަމްސަލުގެ ބަތް ކައި ނިންމާލި ޒީވާ މަޑުމަޑުން އަކްމަލްއަށް ބުނެލިއެވެ. އޭރު އަކްމަލް ވެސް ކައި ނިމެނީއެވެ. އަނގައިން ބުނުމުގެ ބަދަލުގައި އަކްމަލް ޝަހާދަތްއިނގިލި ސިންކާ ދިމާލަށް ދިއްކޮށްލިއެވެ. އެއާއެކު ކެއިތަށި ހިފައިގެން ޒީވާ ތެދުވިއެވެ.
“މިގެއަށް އައި ފުރަތަމަ ދުވަހު ތަށި ދޮއްވާކަށް ނުވާނެ، ޒީވާ، ތި ތަށި ބަހައްޓާ، މަންމަ ދޮވެލަފާނަން” ނަބީހާ ތެދުވުމާއެކު ފިނިވެފައި ހުރި ޒީވާ މޭޒުމަތީ ތަށި ބެހެއްޓިއެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭނގިފައި ހުރެ ސިންކުގެ ދޮށަށް ކައިރިވެލަމުން އޭނާގެ އަތްދޮވެލިއެވެ. އަތްދޮވެން އެނބުރިނުލެވެނީސް އަކްމަލް އައިސް އޭނާގެ ފަހަތުން ގާތްވެލިއެވެ.
“ދެން ދާނީ ދޯ” އަކްމަލް މަޑުމަޑުން ޒީވާގެ މޫނަށް ބަލާލާފައި ބުނެލިއެވެ. ޒީވާ ލުއި ހިނިތުންވުމެއް އަކްމަލްއާ ބަދަލުކޮށްލުމާއެކު އަވަހަށް ދުރަށް ޖެހިލިއެވެ. އޭރު ނަބީހާ ކުޑަ ތުވާލިކޮޅެއް ހިފައިގެން އައިސް ޒީވާއަށް ދިއްކޮށްލީއެވެ.
“ދުފާއެއްޗެހި ގެނެސްދެންތަ” ތުވާލިކޮޅުން އަތްފޮހެން ހުރި ޒީވާގެ ގާތުން ނަބީހާ އަހާލިއެވެ.
“ނޫން” ޒީވާ ނިކަން ފަސޭހައިން ބުނެލިއެވެ. އަކްމަލް އަތްދޮވެލުމާއެކު މަތީގައި ހަރުކޮށްފައި ހުރި ކަބަޑަކުން ޓިޝޫއެއް ނަގައި އޭގެން އަތްފޮހެލުމާއެކު އައިސް ޒީވާގެ އަތުގެ މުލައްދަނޑީގައި ހިފާލިއެވެ. އޭނާގެ އެ ހަރާކާތުން އަކްމަލްއާއެކު ދާންވީކަން ޒީވާއަށް އެނގުނެވެ.
“ދަނީ އަކްމަލް މަންމާ، ޝުކުރިއްޔާ” ވަރަށް ހިތްވަރުކޮށްފައި ބަދިގޭ ދޮރުން ނުކުތުމުގެ ކުރިން ޒީވާ ފަސްއެނބުރި ނަބީހާއަށް ބަލާލަމުން ބުނެލިއެވެ. އަކްމަލްގެ މަންމަގެ ހިތުގައިވަނީ ކީކޭކަން ނޭނގުނަސް، އޭނާއާ ދޭތެރޭ ބެހެއްޓި ގާތްކަމުން އެކަމާ ވަރަށް ބޮޑަށް ޒީވާ ހިތްހަމަޖެހުނެވެ. ކޮންމެހެން ވެސް ޝުކުރުއަދާކުރަން ބޭނުންވީ އެހެންވެއެވެ. ފަހަރެއްގައި ވެސް އޭނާއަކީ ފޮނި ބޮޑާ އަންހެން ކުއްޖެއްގެ ގޮތުގައި އަކްމަލްގެ މަންމަ ހީކޮށްފާނޭ އެއްވެސް ކަމެއް އޭނާގެ ފަރާތުން ފެންނާކަށް ޒީވާ ނޭދެއެވެ.
އަކްމަލް މެންގެއިން ނުކުމެގެން އައިސް ޒީވާގެ ސައިކަލު ކައިރީ ދެމީހުން މަޑުކޮށްލައިގެން ތިއްބެވެ. އަކްމަލް ހުރީ ޒީވާގެ އަތުގައި ހިފައިލައިގެން އިނގިލިތަކާ ކުޅެލަކުޅެލައެވެ. އެހެން ހުރިއިރު އޭނާގެ މަންމަ ޒިވާއާ އެހާ ގިނަ ސުވާލުކުރީތީ އެކަމާ މައާފަށްއެދުނެވެ.
“އިޓްސް އޯކޭ، އަސްލު، ޒީވް މިރޭ ވަރަށް އުފާވެއްޖެ” ޒީވާ ހިނިތުންވެލަމުން ބުނެލިއެވެ
“މަންމަ އެހާ ފްރެންޑްލީ ވީމަތަ” އަކްމަލް ވެސް ލުއިހިނިތުންވުމަކާއެކު ބުނެލިއެވެ.
“އާން! އެކަމާ ވެސް އުފާވި، އެކަމަކު އެންމެ އުފާވީ އަކްމަލް އަހަރެންދެކެ ލޯބިވާވަރު އެނގުނީމަ، އަކްމަލްގެ ގެއަށް، ފެމެލީގެ ގާތަށް ގެނައި ފުރަތަމަ އަންހެން ކުއްޖަކީ ޒީވްއަށް ވީމަ، ހިތަށް އަރާ ޒީވްގެ މަންމަ އާއި ބައްޕައާ އަކްމަލް މީޓްކޮށްދެވެނެ ނަމައޭ” ޒީވާގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ އުދާސްކަމެއް ފެނިގެންދިޔައެވެ. އިސްޖަހާލުމާއެކު އަކްމަލް އޭނާގެ ދަތްދޮޅީގައި ހިފާ އުފުލާލިއެވެ.
“އަދި ދިމާވާނެ، އަހަރެން ޒީވްއަށް ޓްރަސްޓު ކުރަން، އެނގޭ ރަނގަޅު ވަގުތެއް އަދި ނުޖެހޭތީކަން ގެއަށް ނުގެންގޮސް ތިހުންނަނީ، އެހެންނޫނަސް އަހަންނަށް ވެސް ކޮންމެވެސް ވަރަކަށް އެނގޭ، ޒީވްގެ ފެމެލީ އަދި އަހަރެންގެ ފެމެލީ ގޮތެއް ނުވާނެކަން، ދެން ހިނގާ ދަމާ” އަކްމަލް ބުނެލިއެވެ.
“އަކްމަލް އަހަންނާއެކު ނުދިޔަޔަސް އެންމެ ރަނގަޅުވާނެ، އަހަރެން ސައިކަލުގައި ހިނގައިދާނަން، އެހެންނޫނީ އަކްމަލް އަހަންނާއެކު ހިނގައްޖެއްޔާ މިކޮޅަށް އަންނަން ޖެހޭނީ ހިނގާފައެންނު” ޒީވާ ސައިކަލަށް އަރާ އިށީންނަމުން ބުނެލިއެވެ. އަކްމަލް އެގޮތާ އެއްބަސްވިއެވެ. އެހެންވިޔަސް އޭނާ ޒީވާ ސައިކަލުގައި ދުއްވާލުމުގެ ކުރިން ގަޔާ ކައިރިކޮށްލާފައި ނިތްކުރީގައި ބޮސްދިނެވެ.
“އައި ލަވް ޔޫ، ގެއަށް ދެވުނީމަ އަހަންނަށް އަންގާލައްޗޭ” އަކްމަލް މިހެން ބުނެ ޒީވާ އާއި ދުރަށް ޖެހިލީ އޭނާގެ ސައިކަލު ނެރުމަށް ތަންދެމުންނެވެ.
ޒީވާގެ ސައިކަލު ދުއްވާލުމާއެކު އަކްމަލް ގެއަށް ވަނުމަށް އެނބުރިލިއެވެ. އެވަގުތު އޭނާގެ ދާދި ކައިރިން ލާފައި އައިސް އަދީލުގެ ސައިކަލު ޕާކުކޮށްލިއެވެ. އަކްމަލް، އަދީލަށް ހިނިތުންވެލާފައި އެތެރެއަށް ހިނގައިގަތް ވަގުތު އޭނާ ގޮވާލިއެވެ.
“ކޮންކުއްޖެއްތަ އެދިޔައީ؟” އަދީލަށް ފެނުނުކަން އަންގާލަން އޭނާ ބޭނުންވިއެވެ.
“އެއީ ރައްޓެހިކުއްޖެއް” އަކްމަލް މާބޮޑަށް ތަފްޞީލުވާކަށް ބޭނުމެއްނޫނެވެ.
“ހާދަ ގުޅުން ރަނގަޅުހެން ހީވެޔޭ، އަކްމަލް އެހާ ގާތުގައި ހުރެ ކުއްޖަކާ ވާހަކަދެއްކިތަނެއް މިނޫނީ ނުފެނޭ، އަނެއްކާ ގެއިންތަ ތިނެރުނީ އެކުއްޖާ، ރަނގަޅަށް މޫނު ފެންނަވަރެއް ވެސް ނުވިއޭ، ސައިކަލު ވެސް ދުއްވާ ދޯ، ދޮންބެއަށް ދައްކާލާފައި ފޮނުވާލިނަމަ” ސަމާސާ ރާގެއްގައި އަދީލު ވާހަކަދައްކަމުން އަކްމަލާއިއެކު އައިސް ގެއަށް ވަނެވެ. އޭރު އަކްމަލްގެ އިންތިޒާރުގައި ނަބީހާ ސޯފައި އިނެވެ. އަދިލާއި ދެބެން އެކުގައި ވަންތަން ފެނުމުން އޭނާ އަހަން ބޭނުންވެފައި ހުރި ސުވާލުތަކައިގެން ކުރިއަށް ދެވޭގޮތެއް ނުވިއެވެ.
“މަންމާ، ކޮންއެއްޗެއްތަ ކާން ހުރީ، ހަވީރު ނުކުމެގެން ދިޔައީ ވަރަށް ބަނޑުހައިވެފައި ހުރެ، އެކަމަކު ކުއްލިއަކަށް އޮފީހަށް ދާންޖެހުނީމަ ކޮފީތަށްޓެއް ބޯލައިގެން ނައްޓާލީ” އެއްވެސް ކަމަކަށް ފަރުވާލެއް ނެތްފަދަ ގޮތަކަށް އަދީލު ވާހަކަދައްކަން ފެށީ ނަބީހާއާއެވެ. ސިޑީގެ ހަރުފަތްތަކުން އެއްހަރުފަތް ދޫކޮށްފައި ފައިއަޅަމުން ކަހަލަ ގޮތަކަށް އަކްމަލް ގޮސް ނަބީހާގެ ލޮލަސް ގެއްލިއްޖެއެވެ. އޭނާއަށް ޖެހުނީ އަދީލު ކިޔާވަރުން ދަރިފުޅަށް ކާންހަދައިދޭން ދާށެވެ.
ނިތުގައި އެއްއަތް ބާއްވާލައިގެން އެނދުގައި އޮތް އަކްމަލްއަށް ވިސްނެމުންދިޔައީ އެ ކޮޓަރީގައި ޒީވާއާއެކު ހިނގާދިޔަ ކަންތައްތަކާމެދުއެވެ. އޭނާގެ އަމިއްލަ ނަފުސު މިއަދު ނުހިފެއްޓުންނަމަ ވާނީ ކިހިނެއްކަން ހިތަށް ގެންނަން ވެސް އަކްމަލް ބޭނުމެއްނޫނެވެ. އެހަންނަމަވެސް ޒީވާ އޭނާގެ ދެއަތުގެތެރޭ ވިރެމުންދިޔަ ގޮތް ހިތަށް ސިފަވާންފެށުމުން މިވަގުތު ވެސް އަކްމަލްގެ ހިތުގެ ހިނގުން އަވަސް ކުރުވައިފިއެވެ. އޭނާއަށް މިފަދަ އިޙްސާސްތަކެއް ކުރެވޭއިރު ޒީވާއަށް ކުރެވޭނީ ކޮންކަހަލަ އިޙްސާސްތަކެއްބާއޭ އަކްމަލްގެ ހިތަށްއެރިއެވެ. ތުންފަތަށް މަސްތީ ހިނިތުންވުމެއް ވެރިވުމާއެކު އަކްމަލްގެ ދެލޯ މެރޭގޮތްވިއެވެ. ހަމަ އެހިނދު ދޮރުގައި މީހަކު ޓަކި ޖަހާލުމާއެކު ގޮވާލައިފިއެވެ. ހުވަފެނީ ޢާލަމަކަށް މަޑުމަޑުން ދޮރު ހުޅުވާލި އަކްމަލްއަށް މަޖުބޫރުވީ ދޮރުގައި ޓަކިދޭ މީހާއަށް ސަމާލުވާށެވެ.
“އަކްމަލް…” އަކްމަލްގެ ކަންފަތަށް އިވިގެންދިޔައީ ނަބީހާ އަޑެވެ.
ފުންމައިގެން ކޮޅަށް ތެދުވި ސުހާނާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. ކަންފަތުގައި ވަނީ އެންމެ ފަހުން ހާމިޝްއާ ފޯނުން ވާހަކަދެއްކި ދުވަހު އޭނާ ބުނެފައިވާ ވާހަކަތައް ހަރުލާފައެވެ.
“ސުހާ، އަހަރެން ސުހާއަށްވުރެ ލޯބިވާ އިތުރު އެއްވެސް މީހަކު މިދުނިޔެއަކު ނުހުންނާނެ، އަހަރެން ބޭނުން ރަނގަޅުވާން، އަހަރެން މިތަނުން ނެރެދީ، އަހަރެން ރަނގަޅުވާނަން، ސުހާއާ ކައިވެނި ކުރަން ބޭނުން، ސުހާގެ ބައްޕަގެ ރުހުން ހޯދަން ބޭނުން، ރަނގަޅު މީހެއްގެ ގޮތުގައި ސުހާއާ ކައިވެނިކޮށް ރަނގަޅު ދިރިއުޅުމެއް އުޅެން ވެސް ބޭނުން… ޕްލީޒް ސުހާ، މިތަނުން އަހަރެން ނެރެދީ…” ހާމިޝް ރޮއެފައި ސުހާނާއާ ފޯނުން ވާހަކަދެއްކި ގޮތް ސުހާނާގެ ސިކުނޑީގައި ބިންވަޅުނެގިފައި ވާކަހަލައެވެ. ދެލޯ ފުހުނެއްކަމަކު ރޮނގު ހަދާލާފައި ކޯތާފަތަށް ފައިބަމުންދިޔަ ކަރުނައަށް ހުއްޓުމެއް ނާދެއެވެ.
“ޖަލުގައި އަހަރެންގެ ހާމިޝްއަށް އަނިޔާ ލިބެމުންދާއިރު މިކޮޅުގައި އަކްމަލް އުފަލާ އަރާމުގައި، އަހަރެންގެ ލޯތްބަށް އެކަކު ވެސް ޤަދަރެއްނުކުރޭ، އަހަންނަކީ މޮޔައެއްނޫން، އަހަންނަށް އެނގޭ އަކްމަލް އެ އަންހެން ކުއްޖާ މިގެއަށް އެގެނައީ މަންމަމެންނާ ބައްދަލުކުރަންކަން، އަކްމަލް އެ އަންހެން ކުއްޖާދެކެ ވަރަށް ލޯބިވާކަން ވެސް އަހަންނަށް އެނގޭ، އެހެންނޫނީ މިހާ ދުވަހު އޭނާ ނުކުރިކަމެއް މިއަދު ވެސް ނުކުރާނެ… އާން! ލޯބި އަތުން ބީވީމާ އެ ލިބޭ ހިތްދަތިކަން ދުލުން ކިތަންމެ ވަރަކަށް ބަޔާންކުރި ނަމަވެސް ނުފުދޭނެ، އެއީ ކިހާ ވޭން ހުރިކަމެއްކަން އެކަކަށް ވެސް ނޭނގޭނެ، އަހަރެން ރޯ ރުއިމާ، ހާމިޝްއަށް ބޭނުންވާވަރު އަކްމަލްއަކަށް ނޭނގޭނެ، އެކަމަކު… އެކަމަކު އޭނާއަށް ޖެހޭނެ މިހުރިހާކަމެއް އެނގެން، ލޯބި ބީވީމާ ވާގޮތް އަހަރެން އޭނާއަށް ދަސްކޮށްދޭނަން، ރަނގަޅު ފިލާވަޅެއް މިފަހަރު ދަސްވާވަރު ކުރާނަން، އޭރުން އެނގޭނެ އެހެން މީހުންގެ ޒާތީ ކަންކަމުގެ ތެރެއަށް ނުވަންނަން” ލޯގަނޑުން ފެންނަމުން ދިޔަ އަމިއްލަ ސޫރައާ ރޮމުން ރޮމުން ސުހާނާ ވާހަކަދެއްކިއެވެ.
ބުމަރެއްހެން ކޮޓަރިތެރޭ އެނބުރެމުންދިޔަ ސުހާނާ ރޮއެރޮއެފާ ޝަކުވާ ކުރަނީއެވެ. އޭނާގެ ޝަކުވާތައް އަޑުއަހާނެ ދެވަނަ އިންސާނަކު އެތަނުގައި ނެތްކަމަކު އަމިއްލަ ޟަމީރަށް އެ އަޑުތައް އިއްވަމުން ދިޔައީ ހިތަށް ލިބެމުންދިޔަ ހިތްދަތިކަމާއި ވޭނަށް ލުޔެއްލިބޭނޭ ހިތައެވެ. އެތަކެއް އިރަކު އެހެން އުޅުމަށްފަހު އައިސް އެނދު މައްޗަށް ބަންޑުން ވެއްޓިގަތީ ވަރުބަލިވެގެން ކަންނޭނގެއެވެ. ބާލީހުގައި މޫނު ފޮރުވާލުމުގެ އިތުރުން، އެއްއަތުން މޫނު ވަށާލިއެވެ. ސުހާނާއަށް ނިދުނީ ރޮއެރޮއެ އޮއްވައެވެ.
ދޮށީ ދެކުދިންގެ ޠަބީޢަތާއި އަކްމަލްގެ ޠަބީޢަތް ވަރަށް ތަފާތުކަން ނަބީހާއަށް އަބަދުވެސް ފާހަގަކުރެވެއެވެ. އެގެއަށް ޅީދަރިއަކު އަންނަން އުޅޭކަން ޔަޤީންވަނީ ވެސް އެހެންވެއެވެ. އަކްމަލްއަކީ ތަނަކުން އަންހެން ކުއްޖަކު ފެންނައިރަށް ގާތްވާނެ ކުއްޖެއް ނޫންކަން ނަބީހާއަށް އެނގެއެވެ. އެކަމުގައި ވާފިރާ، އޭނާ އެއްބަސްވެއެވެ. އަކްމަލް، ޒީވާ އެގެއަށް ގެނެސް ޢާއިލާ މީހުންނަށް އެ ގުޅުން ސިއްރުނުކުރީ، އެ ގުޅުމާއި ދޭތެރޭ އަކްމަލް ރުހޭލެއް ބޮޑުކަމުންނެވެ. އަދި އޭނާގެ ހަޔާތަށް އަންނާނެ އަންހެންކުއްޖަކީ އެއީކަން ޢާއިލާއަށް އަންގަން ބޭނުންވާތީ ވެސް މެއެވެ. ދެކުދިންގެ ދެމެދުގައި އޮތް ގުޅުމަކީ އިހަށްދުވަހު އުފެދިފައިވާ ގުޅުމެއް ނޫންކަން ނަބީހާ ދެނެގަތެވެ. އޭނާ ސޯފާގައި އިށީނދެލައިގެން އިނީ އަކްމަލް އެތެރެއަށް ވަންނާނެ އިރަކަށެވެ.
“އަކްމަލް… މިކޮޅަށް އާދެބަލަ” ހަލުވިކޮށް ސިޑިން ފައިބައިގެން ބަދިގެއާ ދިމާލަށް އަކްމަލް ދިޔަތަންފެނި ނަބީހާ ގޮވާލާފައި ބުންޏެވެ.
“ޒީވާ، އެއީ ކޮންގެއަކު ކުއްޖެއްތަ؟، މަންމައަށް އެނގޭ ޒީވާ މިގެއަށް ތިގެނައި މަންމަމެންނަށް ކަމެއް އަންގަންވެގެންކަން، އަކްމަލްއަށް ހުރިހާ ގޮތަކުން ޒީވާ ކަމުދިޔަޔަސް، މަންމަމެންނަށް ވެސް އޭނާގެ ހަޤީޤަތް އެނގެންވާނެ އެންނު” އަކްމަލް އައިސް ސޯފާގެ ކައިރީ މަޑުކޮށްލުމާއެކު ނަބީހާ، އެއްއަތުން ސޯފާގައި ޖަހާލާފައި އިށީންނަން އިޝާރާތްކުރަމުން ބުންޏެވެ. އެއާއެކު އަރިމަތީ ވަކިން ހުރި ސޯފާގޮނޑީގައި އަކްމަލް އިށީނދެ ދެކަކުލުގައި އުޅަންބޮށި ޖައްސާލަމުން ދެއަތްތިލަ ޖޯޑުކޮށްލިއެވެ. ހީވީ ކޮންމެވެސް ފިކުރެއްގެތެރެއަށް ގެއްލުނުހެންނެވެ.
“ޒީވާއަކީ ގޯސްކުއްޖެއްނޫން، އެއީ މާލޭ ކުއްޖެއް، މިވަގުތު އޭނާ ވަޒީފާއަކަށް ނުދޭ، އޭނަގެ މަންމަމެން އޭނާ ވަޒީފާއަކަށް ނުފޮނުވާ ހުންނަނީ އިތުރަށް ކިޔަވައިދޭން، އަހަރެން… އަހަރެން އުޅެނީ ޒީވާއާ ރައްޓެހިވެގެން، އޭނާ ކިޔަވާ ނިމުނީމަ އިންނަން ވެސް ގަސްދުކޮށްގެން މިހިރީ” މަޑުމަޑުން އިނދެގެން އަކްމަލް އޭނާގެ ހިތުގެ މުރާދުތައް ނަބީހާގެ ކުރިމަތީ ނިއުޅަމުންދިޔައެވެ. އޭރު ހައިރާންވެފައި އަކްމަލްއަށް ބަލަހައްޓައިގެން ނަބީހާ އިނެވެ.
“އިންނާށޭ، އަދި ވަޒީފާ ހަމަޖެހުނުތާ ގިނަދުވަސްތަކެއްވީއެއް ވެސް ނޫން، ކައިވެނިކުރަންވާނީ ވަރަށް ވިސްނާފަ، ނޫނީ ޒީވާގެ ޢާއިލާ މީހުންނަކީ ވަރަށް މުއްސަނދި ބައެއްތަ؟، އޭރުން ތި ދެމީހުން ވަޒީޔާއަށް ނުނިކުތަސް ދަތިވާނެކަމެއް ނޯންނާނެ، އަނެއްކާ އިނދެގެން ދަނީ އެގެއަށްތަ؟” ނަބީހާގެ ހިތާއި ސިކުނޑިއަށް ސުވާލުއަރާވަރަކަށް ދުލުން ބޭރުކުރަމުންދިޔައެވެ.
“އެއީ މުއްސަނދިބައެއްނޫން، އެކަމަކު ވަރަށް ރަނގަޅުބައެއް، މީ އަހަރެންގެ ގެއެންނު، މިގޭގައި އަހަންނަށް އުޅެވެން އޮއްވަ ކީއްކުރަން ޒީވާމެންގެއަށް ދާންވީ، މަންމާ، މިކަމާ ތަންކޮޅެއްފަހުން ވާހަކަދައްކަމާ، އަހަރެން ބޭނުންވަނީ ބައްޕަ ވެސް ހުއްޓަ މި ވާހަކަތައްދައްކަން” އަކްމަލް އިތުރަށް އެއްޗެއް ބުނަން ބޭނުންނުވެގެން އިންތަނުން ތެދުވިއެވެ. އަދި އޭނާ އެތަނަށް އައިކަންތައް ފުރިހަމަ ކުރުމަށްޓަކައި ބަދިގެ ފަރާތަށް ދިޔައެވެ.
ފިނި ފެންފޮދު ކަރުންލާފައި އެތެރެ ހަށްޓަށް ދިޔަގޮތް އިޙްސާސްވިއެވެ. އެހެންނަމަވެސް ޒީވާގެ ކަރުހިއްކުން ފިލާގޮތެއް މިރޭ ނުވިއެވެ. މެޔާ ދިމާލުން ފިނިގަނޑެއް އެރުމާއިއެކު ބަނޑުގައި ކުޑަސޫތްޕެއް ހިރޭ ފަދަ، ގޮތްނޭނގޭ އިޙުސާސްތަކެއް މިރޭ ކުރެވެނީއެވެ. ބޯލި ފިނި ފެންފޮދުން ވެސް ދެތުންފަތަށް ގެނުވީ ވަގުތީ ތެތްކަމެކެވެ. އަނެއްކާ ވެސް ދެތުންފަތް ހިކޭގޮތްވީއެވެ. ފިނިފެންފުޅި ނަގާ ނިތްކުރީގައި ޖައްސާލުމާއިއެކު ޒީވާ ދެލޯ މަރާލިއެވެ. އޭނާއަށް ވައިރަލްއެއް ޖެހުނީކަންނޭނގެއެވެ. ހޭލާ ހުންނައިރު ވެސް ނިދާފައި އޮންނައިރު އޭނާގެ ލޯ ކުރިމަތިން އަކްމަލް ސިފަވާން ފެށީއެވެ. ކުޑަ ވަގުތު ކޮޅަކަށް ނިދިޖެހިލުމާއެކު ޒީވާ ސިހިފައި ފުންމައިގެން ތެދުވަންޖެހުނީ ފެނުނީ ހުވަފެނުންނެވެ. ނަމަވެސް ހީވީ ހަޤީޤަތެއްހެންނެވެ. ހަށިގަނޑުގައި އަކްމަލް ބީހިލި ކޮންމެ ތަންކޮޅެއްގައި ވިންދު އަވަސްވެފައި ހުރިކަހަލައެވެ. ކޮޓަރިން ނުކުމެގެން ބަދިގެއަށް އައީ ލިބިފައި ހުރި ކަރުހިއްކުން ފިލުވާލުމަށެވެ.
“ޒީވް… ޒީވްތަ؟” ފަހަތުން ލަމްޔާގެ އަޑުއިވުމާއިއެކު ބަދިގެ ތެރެއަށް ހުދު އަލިން އަލިވެގެން ދިޔައެވެ. ޒީވާގެ ދެލޯ ތަޅުވާލުމާއިއެކު މަރާލެވުނެވެ. އަދި ލޮލާދިމާލަށް އަތް ހުރަސްކޮށްލައިގެން ހުރެ މަޑުމަޑުން ލޯހުޅުވާލިއެވެ.
“ސިސްތަ؟” ޒީވާއަށް ބުނެލެވުނެވެ.
“ހޫން! ސިސްއޭ، ފެންބޯން ދޯ ތި ތެދުވީ، ދައްކަބަލަ ފްރިޖުން ފެންފުޅިއެއް ނަގަން، ކީއްވެފަތަ ފެންފުޅި ނިތުގައި ޖައްސައިގެން ތިހުންނަނީ” ލަމްޔާ އައިސްއަލަމާރި ކައިރީ ހުރި ޒީވާގެ އަތުގައި ހިފައި އެއްފަރާތްކޮށްލިއެވެ.
“ކަމެއްނުވޭ، އޭސީ ތަންކޮޅެއް މަޑުކޮށްފައި ހުރީމަ ހޫނުވީ، މި ފުޅި ފިނިކަމުން، ފިނިކޮށްލަންވެގެން ނިތްކުރީގައި ޖައްސާލެވުނީ” ޒީވާ ވާހަކަދެއްކި އިރު އޭނާގެ އަޑުގައި ނިދީގެ އަސަރެއް ނެތެވެ.
“ދެން ތިހެން ނުހުރެ ފެންބޮއެގެން އަވަހަށް ކޮޓަރިއަށްދޭ” ލަމްޔާ މިހެން ބުނެ ފެންފުޅި ހިފައިގެން ބަދިގެއިން ނުކުމެގެން ދިޔައެވެ. އޭނާ ވެސް އެއައީ ނިދިން ހޭލައިގެންކަން ޒީވާއަށް އެނގުނެވެ.
“ވަޓްސް ރޯންގް ވިތް މީ، އަކްމަލް އާއިއެކު އެހާ ގާތްކޮށް އުޅުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނޭކަމެއްނޫން، އެއީ ގޯސްކަމެއްކަން އެނގޭއިރު ވެސް އަހަންނަށް ފެންނަނީ އަކްމަލްގެ ހުވަފެން، ހަޤީޤަތަށް އެއިން އެއްވެސް ކަމެއް ވެއްޖެއްޔާ ދެން ހަދާނީ ކިހިނެއް، ނޫން، ނޫން، އެއަށްވުރެ ސްޓްރޯންގް މީހަކަށް ވާން ޖެހޭނެ، އަކްމަލް ބުންޏަސް އެހިސާބަށް ދާކަށް ނުވާނެ….” ޒީވާ އެކަނި ހުރެ ވާހަކަދެއްކިއެވެ. އަމިއްލަ ނަފްސަށް ވިސްނައިދޭ ފަދައިންނެވެ. އަކްމަލްއާއެކު ނަހަމަ ގުޅުމެއް ހިންގިދާނެތީ އޭނާ ބިރުގަނެއެވެ. އެހެންނަމަވެސް އަމިއްލަ ނަފްސު ބޭނުންވާ އިމުގެ ތެރޭގައި ގެންގުޅެވޭނޭކަމުގެ ޔަޤީންކަން ކުޑައެވެ.
ނިތްކުރީގައި ހިފަހައްޓާލުމާއިއެކު ދެފަރާތަށް ބޯހޫރާލި ޒީވާ މަޑުމަޑުން އައިސް ކޮޓަރިއަށް ވަނީ އަތުގައި އޮތް ފެންފުޅި ހިފައިގެންނެވެ. އަތުގައި ފެންފުޅި އޮތްކަން އޭނާއަށް އެނގުނީ ވެސް ކޮޓަރިއަށް ވަދެ އެނދަށް އަރަން އުޅެނިކޮށެވެ. އަމިއްލަ މޮޔަކަމާމެދު ކުދިކިޔަމުން އެނދުކައިރީ ހުރި ކަބަޑުމަތީ ފެންފުޅި ބަހައްޓާފައި އަނެއްކާ ވެސް ނިދޭތޯ ޒީވާ އެނދުގައި އޮށޯވެލިއެވެ.
ފުންމައިގެން އެނދުން ތެދުވިގޮތަށް އަތުކުރީ އޮތް ގަޑިއަށް ވާފިރު ބަލާލިއެވެ. އެއާއެކު ތެޅެމުން ފޮޅެމުން ކަހަލަ ގޮތަކަށް އެނދުގެ ފައިލާކޮޅުގައި ހުރި ދިގު ގޮނޑިމައްޗަށް އެއްލާފައި އޮތް ގަމީސްނަގާ ލަމުން ރީތިވާ މޭޒު ދޮށަށް ހުއްޓި އިސްތަށިގަނޑުގައި އަތްފުނާ އަޅާލިއެވެ.
“ތިނެއް ޖަހަނީ، ކީއްވެތަ ނުގޮވީ” ވާފިރު އަވަސްއަރުވާލާފައި ވާހަކަދެއްކިއެވެ. އެހެންނަމަވެސް އެއްވެސް ޖަވާބެއް ނައުމުން އެނދުމަތީ އޮތް ދިޔާނާއަށް އޭނާ ބަލާލިއެވެ. ވާފިރަށް ހޭލެވުނެއްކަމަކު ދިޔާނާ އޮތީ ގަދަ ނިދީގައެވެ. އެހެންވެ އޭނާގެ ނިންޖަށް ހުރަހަކަށްވުމުގެ ބަދަލުގައި ސިއްރު ސިއްރުން ދިޔާނާގެ ގެއިން ނުކުމެގެން އޭނާ އަވަސްވެގަތީ ގެއާ ދިމާލަށް ދިއުމަށެވެ. މިނޫނީ އަދި ދުވަހަކު ވެސް އެހާ ލަހެއްނުވެއެވެ. ގެއަށް ދިޔައީމާ ނަބީހާ ބުނާނެ އެއްޗެއް ނޭނގޭތީ ގެއަށް ވަދެވެންދެން ވާފިރަށް ކުރެވުނު ފިކުރަކީ އެއީއެވެ.
“ކާކު…” ނިދީގައި ފުރޮޅިލި ނަބީހާ މިހެން ބުނެލާފައި ނިދީގެތެރެއަށް ގެނބިގެން ދިޔައެވެ. އެތަންބަލަން ހުރި ވާފިރު ވަގެއްހެން ނޭވާ ހިފަހައްޓާލައިގެން ހުރެ ކޮޓަރީގެ ދޮރު ތަޅުލައިފިއެވެ. އަދި އަވަސް އަވަހަށް ނިދަންލާން ގެންގުޅޭ ގަންޖުފަރާހާއި ސޯޓު ހިފައިގެން ފާޚާނާއަށް ވަނެވެ. ލައިގެން ހުރި ގަމީސް ބޭލުމަށްފަހު އެފުށްމިފުށަށްޖަހާ ރަނގަޅަށް ބެލުމަށްފަހު ފެންވަރާލައިގެން ނުކުތެވެ. ވާފިރު ފާޚާނާއިން ނުކުމެ އައިސް އެނދަށް އެރީ ވެސް އެހާ ބަލައިގެންނެވެ. ނަބީހާ ހޭލަފާނެތީއެވެ. މިރޭ އޭނާ ގެއަށް އައީ ކިހާއިރަކުކަން ނަބީހާއަށް އަންގާކަށް އޭނާ ބޭނުމެއްނޫނެވެ. އެނގިއްޖެއްޔާ ކަންތަކާޖެހޭނެއެވެ. ލަވާހަޅޭކުން އޭނާގެ ދެކަންފަތް ބީރުވާވަރުވާނެއެވެ. ބޮލުގައި ނުފިލާ ރިހުމެއް ހަތަރުދަމު ހުންނާނެއެވެ. އެހެންވާކަށް ބޭނުމެއްނޫނެވެ. އެހެންވިޔަސް ވާފިރަށް އޭނާއަށް އުޅެވޭގޮތާމެދު އެއްވެސް ވަރަކަށް ވިސްނާލާހެނެއް ހިއްޔެއްނުވެއެވެ. އަނބިމީހާއަށް ކަމެއް ސިއްރުކުރެވޭކަމުގެ އިހުސާސް އޭނާއަށް ނުވާކަހަލައެވެ. ބައެއްފަހަރު އޭނާއެކޭ ދެއަނބިން ގެންގުޅޭ ފިރިއެކޭ އެއްވަރެވެ.
އަރައިގެން އައި އިރާއެކު ދުނިޔެމައްޗަށް ދިރުން ގެނެސްދިނެވެ. ބެލްކަނީގައި ކޮފީ މަގު ހިފައިގެން އަކްމަލް ހުރިއިރު އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިފައި ވެއެވެ. ވަށައިގެން ހޯދާލީ ކޮވެލީގެ އަޑު ކައިރި ހިސާބަކުން އިވިގެންނެވެ. އެހެންނަމަވެސް ލޮލުގައި އަޅައިގަންނަގޮތެއްނުވިއެވެ. ލައިގެން ހުރި އަތްކެނޑި ގަޔަށް ބާރު ޓީޝާޓާއި ޓްރެކްސޫޓުން ހީވަނީ ހަމަ ދެންމެ ދުވެ ނިންމާލާފައި އައިހެންނެވެ. ހަށިގަނޑުގައި ގޮޅިޖަހާލާފައިވަނީ ފެންނަ މީހުންގެ ހިތަށް އަސަރުކުރުވާ ފަދަ ގޮތަކަށްވިއްޔާއެވެ. އަކްމަލް ސިހިފައި ފުރަގަހަށް ބަލާލެވުނީ އޭނާގެ ބުރަކަށީގައި މީހަކު ޖަހާލުމުންނެވެ.
“މިއަދު ކޮފީ މިތަނުގަތަ؟” އަދީލު އައިސް ހުއްޓިލަމުން އަހާލިއެވެ. އަކްމަލް “ހޫން” ލައްވާލަމުން ބޯޖަހާލިއެވެ.
“ސުހާނާ މާ ހެދުނަކާ ހޭލައިގެން ކީއްތަ އެކުރަނީ، ބަންދު ދުވަހެއްގަ ވެސް ނިދާލެވޭކަށް ނޯންނާނެ، އެއްޗެކޭ ބުނެފިއްޔާ ޒުވާބުކުރަން ފަށާނީ، އެހެންވެ ހޭލައިގެން މިނިކުތީ، ކޮޓަރީގައި އޮތަސް ވަކި ނިދޭނީއެއްނޫންވިއްޔާ” ދެންވެސް ވާހަކަދެއްކީ އަދީލެވެ.
“ނޭނގެ، އަހަރެން ހޭލައިފިން ވަރަށް ކުރިން، ރޭގަ ފަތިސް ނަމާދަށް ގޮވިއިރު ހޭލެވުނީމާ ނަމާދުކޮށްލަން ބޭނުންވީ، އޭރުއްސުރެ ނުނިދާ މިއުޅެނީ” ދުރަށް ބަލަހައްޓައިގެން ހުރެ އަކްމަލް ބުނެލިއެވެ.
“އައްދޭ! ހާދަ އިސްލާހެއްތިވީ، ހަމަ އެމަންޖެގެ ނުފޫޒުތަ” އަދީލު ދިމާކޮށްލިއެވެ.
“ދެން ތިނޫން އެއްޗެއް ނުކިޔާތި، އަހަރެން ވެސް ދޮންބެއާ ތިގޮތަށް ދިމައެއްނުކުރަމެންނު، އަހަރެންވިއްޔާ ރަނގަޅުވާން އެބަ މަސައްކަތްކުރަންތާ، ދޮންބެ ކީއްވެތަ ސީރިއަސްނުވަނީ” އަކްމަލް ދުވަހަކު ވެސް ނުބުނާ އެއްޗެއް އަދީލަށް ބުނެލިއެވެ.
“އަކްމަލް ހިތްހަމަޖެހޭވަރުގެ ކުއްޖަކާ ދިމާވިޔަސް، އަދި ދޮންބެ ހިތްހަމަޖެހޭވަރުގެ ކުއްޖަކާ ދިމާ ނުވަނީ، އެކަމަކު ސިއްރެއް ބުނަންތަ، ދޮންބެ ވެސް އެބަ ވިސްނަން ސީރިއަސްވާން، ރީތި ކުއްޖަކު އެބަހުރި، އަދި ގެއަށް ގެންނާނަން، އޭރުން ދެން ލައިފްގަ ސީރިއަސްވާންވީ” އަދީލު ޚިޔާލަކަށް ގެއްލިހުރެ ބުނެލިއެވެ.
“އެހެންވީރު ތިކުއްޖާ އަވަހަށް ގެއަށް ގެނޭ، އޭރުން ހުރިހާކަމެއް ހައްލުވީނު، އަހަރެން ވެސް ދޮންބެ ގާތު ވާހަކައެއް ބުނަންތަ، ރޭގަ ގެއަށް ގެނައި ކުއްޖާއާ މިއުޅެނީ އިންނަންވެގެން، އަސްލު ގެއަށް ގެނައީ ވެސް އެހެންވެ” އަކްމަލް މިހެންބުނުމުން އަދީލު ހިނިގަނޑެއް ޖަހާލިއެވެ. އަދި އަކްމަލްގެ ކޮނޑަށް އަތްވައްޓާލަމުން އޭނާ ގަޔާކައިރިކޮށްލާފައި ކޮނޑުގައި ތަޅައިގަތެވެ.
“މާ ކުރިން ނިންމާލަނީ ދޯ، ރަނގަޅު، ރަނގަޅު… އެންމެ ކުޑަމީހާ އެންމެ އަވަހަށް މި ބޮޑުވީ” އަދީލު ދިމާކުރަމުން ދިޔައެވެ. އެވަގުތު އެދިމާލުން ފޮށިތަކެއް ހިފައިގެން ސުހާނާ ހުރަސްކަނޑާލިތަން ފެނުނެވެ.
“މިއޮއްހެދުނާ ކީއްތަ ތިކުރަނީ” އަދީލު ސުހާނާއަށް ބުނެލިއެވެ.
“ކަލޭމެންނާ ކޮންބެހޭކަމެއް” ސުހާނާ މިހެންބުނިއިރު ދެލޯ އަޅާލީ އަކްމަލްއާ ދިމާލަށެވެ.
“މިގަޑީގަ ކަލެއާ ޒުވާބުކުރާކަށް ނެތިން، ހިނގާދާން އަކްމަލް، މަވެސް ކޮފީއެއް ބޯލަން ބޭނުން” އަދީލު މިހެން ބުނުމާއެކު އަކްމަލް ވެސް އޭނާއާއެކު ހިނގައިގަތެވެ.
ހެނދުނުގެ ސަޔާއެކު ސުފުރާމަތީ އެންމެންގެ އަޑުފަށްގަނޑު ގަދަވެފައި ވެއެވެ. ލަބީބުގެ އަތުގައި އޮތް ތަޅުދަނޑި ޒީވާއަށް ދިއްކޮށްލުމާއެކު ރީމް އާއި ރުވާ އަތްތިލަބަޑި ޖަހާލިއެވެ. ޒީވާއަށް ވަކިން ކޮޓަރިއަށް ލިބުނީއެވެ. އޭނާއަށް ބޭނުންވާނެ ހުރިހާ ސާމާނެއް ހަމަކޮށްދީފައި ކޮޓަރީގެ ތަޅުގަނޑު ވެސް ލަބީބު، ދަރިފުޅާ ހަވާލުކުރީއެވެ. އެންމެން ކެތްމަދުވެފައި ތިބީ އެކޮޓަރިއަށް ވަދެވޭނެއިރަކަށެވެ. ލިބުނު އުފަލުން ޒީވާ އަވަސްއަރުވާލާފައި ކައި ނިންމާލިއެވެ. އޭނާ ތެދުވުމުން ރީމް އާއި ރުވާ ވެސް ތެދުވީ އޭނާގެ ފަހަތުން ދިއުމަށެވެ.
“ރީމް ބޭނުމިއްޔާ ތުއްތަ ކޮޓަރީގައި ނިދޭނެ ދޯ” ހަރުގޮތަކަށް އައި ރީމް ވަރަށް ހެވިލާފައި ޒީވާއަށް ބުނެލިއެވެ.
“ރީމް ނިދަން އައު އެނދެއް މިއަދު ގެންނާނެއޭ ބައްޕަ ބުންޏެންނު، ދެން ކީއްކުރަން ތުއްތަ ކޮޓަރީގައި ނިދަނީ” ޒީވާ ޤަބޫލުނޫންކަން ދައްކާލަމުން ބުނެލިއެވެ. އެމަންޒަރު ބަލަންތިބި ޝީރީނާއި ލަބީބު ހޭންފެށިއެވެ. ޒީވާ ބޭނުންވިޔަސް އޭނާގެ ފަހަތުން ރީމްއެއް ނުނެއްޓޭނޭކަން އެންމެނަށް ވެސް އެނގޭ ކަހަލައެވެ. އެކަކަށްވުރެ ބާރަށް އަނެކަކު ދާންވެގެން ޒީވާ އާއި ހަގު ދެބެން ދުއްވައިގަތެވެ. ބައެއްފަހަރު ކޮއްކޮމެންނާ ޖެހުމުން ޒީވާއެކޭ ބާރަ ތޭރަ އަހަރުގެ ކުއްޖެކޭ އެއްވަރެވެ.
ލަމްޔާ ވެސް ކޮއްކޮމެންގެ ފަހަތުން އައެވެ. އޭރު އޭނާގެ އަތުގައި ދާދި ދެންމެއަކު ކަހަލަ ގޮތަކަށް ކޮޓަރިން ނެރުނު ބޮޑު ޕާރުސަލެއް އޮތެވެ. އެ ހިފައިގެން ޒީވާމެންގެ ފަހަތުން އައިސް ކޮޓަރިއަށް ވަނެވެ.
“ވާއު!” ރީމް އާއި ރުވާއަށް އެއްފަހަރާ ކަހަލަ ގޮތަކަށް ބުނެލެވުނެވެ.
“ސިސްގެ ކަމެއްދޯ މީ، މަންމައަކަށް ނޭނގޭނެ މިހާ މޮޅަށް ކަލާ ކޮމްބިނޭޝަން ހަދާކަށް، ކުރިން ކޮޓަރި ނުފެނި މިހާރު ކުއްލިއަކަށް ފެނުނީމަ މާބޮޑަށް ވެސް ހިތްހަމަޖެހިއްޖެ، ހިތަކަށްނާރާ ބައްޕަ މިހާ ފުރިހަމަކޮށް ކޮޓަރި ހަދައިދޭނެއެކޭ، އެހެންނުވާނީ، އަބަދުވެސް ދައްކާނީ ރީތިހާ އެއްޗެހި ގަނެދީގެން ކުދިން ސްޕޮއިލްވާ ވާހަކަވިއްޔާ” ޒީވާ އުފަލުން ކޯތާފަތުގެ ދެފަރާތުން ދެއަތްތިލަ ޖައްސާލަމުން ބުނެލިއެވެ.
“ބައްޕަ ހުރިހާ ކުދިންދެކެ ވެސް ވަރަށް ލޯބިވޭ، އެކަން މިހާރު ޒީވްއަށް ވެސް އެނގިއްޖެ އެންނު، ދެން ވެސް ބައްޕް އުފާވާނޭކަހަލަ ވަނައެއް ކޯހުން ހޯދަން މަސައްކަތްކޮށްބަލަ” ލަމްޔާ އައިސް ކޮޓަރީގައި ހުރި އެނދުމަތީ އަތުގައި އޮތް ބޮޑު ޕާރުސަލް ބަހައްޓަމުން ބުނެލިއެވެ.
“ތީ ކޯނޗެއްތަ؟ ސިސް ވެސް އަހަންނަށް ގިފްޓެއް ގެނައީތަ” ލަމްޔާ އެންމެފަހުން ބުނެލި އެއްޗަކަށް ފަރުވާލެއްނެތި ޒީވާ އެހެންވާހަކައެއް ފެށިއެވެ.
“ކަނޑާބަލަ ކަމުދޭތޯ” އެއްމިޔަކަނިން ހިނިތުންވެލި ލަމްޔާ ހަޝަމްބަދެލަމުން ބުނެލިއެވެ. އެއާއެކު ޒީވާއަށްވުރެ ކުރިން ރީމް އާއި ރުވާ އެ ޕާރުސަލުގެ ކައިރިއަށް ޖެހިލިއެވެ.
“ލަމްދައްތަ އަބަދު ތުއްތައަށް ހަދިޔާދޭނީ، ރީމްމެންގެ ކޮޓަރި މިހާރު ވަރަށް ހަޑި، ރީމް ބޭނުންވަނީ މިކަހަލަ ރީތި ކޮޓަރިއެއް” ތުންކޮޅު ދަމާލި ރީމް އުނަގަނޑުގައި ދެއަތްވިއްދާލުމާއެކު ބުނެލިއެވެ. ލަމްޔާ ހީނލާފައި ރީމްގެނެސް ގަޔާ ކައިރިކޮށްލިއެވެ. އަދި އޭނާ ރުއްސަން އެކިއެކި ވާހަކަދެއްކިއެވެ.
ލަމްޔާ ގެނެސްދިން ޕާރުސަލް ހުޅުވިއިރު އޭގައި އޮތީ އެނދު ކައިރީ ބަހައްޓާ “ބެޑް ލޭމްޕް” އެކެވެ. ކޮޓަރިއާ ގުޅޭ ގޮތަކަށް މަޑުމަޑު ކުލައެއްގެ ލޭމްޕެކެވެ. އަވަސް އަވަހަށް ޒީވާ އެ ގެނެސް އެނދުގެ އަރިމަތީ ހުރި ކުޑަކަބަޑުމަތީ ބަހައްޓާލިއެވެ. އެހިނދު ހަގު ދެބެން އައިސް އެބޮކި ދިއްލޭގޮތް ބަލަން ބޭނުންވެއްޖެއެވެ.
ދުވަހުގެ ގިނަވަގުތު ސުހާނާ ހޭދަކުރީ ކޮޓަރިތެރޭގައެވެ. ލޯބިވަނީ އޭނާގެ ވިސްނުން ކިލަނބުކުރުވާފައެވެ. ހެޔޮގޮތާއި ނުބައިގޮތް ވަކިވާވަރަށްވުރެ މީހާގެ ބުއްދި ގޯސްވެފައި ވާކަހަލައެވެ. ޓައިލްސްތަކުގެ މަތީ އިށީނދެލައިގެން އޭނާ އިންއިރު ބުރަކަށި އެނދުގެ އަރިމަތީގައި ޖައްސާލައިގެން ކަނދުރާގެ ވާގި ދޫކޮށްލާފައިވެއެވެ. މަތީ ސީލިންގަށް ބަލަހަށްޓައިގެން އޮތްއިރު އޭނާގެ ސިކުނޑީގެ ހައިޖާނު ވަނީ ފަރުދާކުރެވިފައެވެ. ދޭތެރެއަކުން ބޮލަށް ބާރުބޮޑުވެގެން އެނދުމައްޗަށް ދޫކޮށްލައިގެން އިން ބޯ، “ބަންބަން” ލާފައި ގޮދަޑިމަތީ ތަޅައިގަނެއެވެ.
“ސުހާނާ، ސުހާނާ… ހޭލާތަ، ނުކުމެބަލަ، މަންމަ ވާހަކައެއް ދައްކަންވެގެންނޭ” ނަބީހާގެ އަޑު ކޮޓަރީގެ ބޭރުން އިވުނެވެ. ދިރާ ދިމާލަށް ސުހާނާ ބަލާލުމަށްފަހު ތެދުވީ ނަބީހާ ދެވަނަ ފަހަރަށް އޭނާއަށް ގޮވާލުމުންނެވެ. އަދި ހޭވިފައި އޮތް އިސްތަށިގަނޑު އޮމާންކޮށްލުމާއިއެކު ހުޅިއެއްޖަހަމުން ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.
“އާދޭ ސައިބޯން، ބައްޕަ އެބަހުރި ހެދިކާ ފޮނުވާފައި، މަންމަ އެކަނި ސައިބޯ ހިތްނެތިގެން މިއައީ، ކީއްތަތިކުރަނީ، މަންމަ ހީކުރަނީ މިއަދު އެއްޗެހި ދޮންނަން އުޅެނީކަމަށް، ނުވެސް ފެނޭވިއްޔާ” ސުހާނާ ފެނުމާއެކު ނަބީހާ ބުނެލިއެވެ.
“ބޮލުގައި ރިއްސާތީ ތަންކޮޅެއް ގިނައިރު ނިދާލަން ކަމަށް އުޅުނީ” މަންމައާ އެއްވެސް ކަމެއް ޚިއްސާކުރަން ބޭނުންނުވާތީ ސުހާނާ ބުނެލިއެވެ.
“ބޭހެއް ކައިފިންތަ؟ ޕެނެޑޯލް ގުޅައެއް ކާލަނިކޮށް ތިކަން ރަނގަޅުވެދާނެ” ކޮޓަރީ ދޮރުލައްޕާލާފައި ނުކުތް ސުހާނާ އާއިއެކު ނަބީހާ ހިނގައިގަންނަމުން ބުނެލިއެވެ.
“ކޮން ވާހަކައެއްތަ މަންމަ ދައްކަން އުޅުނީ” ސުހާނާ ބުންޏެވެ.
“ކޮންއިރަކުތަ ޗުއްޓީނެގީ، އަނެއްކާ އޮފީހުން ކެނޑުނީތަ؟” ސުހާނާ އޮފީހަށް ނުގޮސް ގޭގައި ހުންނަކަން ފާހަގަކުރެވިގެން ނަބީހާ އަހާލިއެވެ.
“ޗުއްޓީގަ މިހިރީ، އެވެސް ނަގަން އޮންނަ އެއްޗެއްވީމާ ނެގީ، އަހަރެން ކަހަލަ މީހުން ޗުއްޓީ ނަގައިގެން ކުރާނީކީއް، އެކަނިވެރިން އުޅެންޖެހޭނީ އަބަދުވެސް އެކަނި” ސުހާނާގެ ޖަވާބު ގުޅުވާލީ އޭނާގެ ހިތުގެ ހާލާއެވެ.
“އަކްމަލް އުޅެނީ މީހަކާ އިންނަންވެގެން، އެ އަންހެން ކުއްޖާ މިގެއަށް ގެނައީ އެހެންވެ، ވަރަށް އަވަހަށް އިންނާނެ ވާހަކަ ބުނެފި، ގޭތެރެއަށް މީހަކު އިތުރުވަނީ، އަހަރެން ބޭނުމެއްނޫން މިހާރު ސުހާނާ އާއި އަކްމަލް ތިއުޅޭ ގޮތަށް އޭރުން އުޅޭކަށް، ސުހާނާ ވާނެ ޒުވާބުކުރުން ހުއްޓާލަން، ވީކަމެއް އެއޮތީ ވެފަ، އެހެންވިޔަސް ސުހާނާއަށް ވެސް ރަނގަޅަށް ވިސްނާލީމަ އެނގޭނެ އެއީ ހެދުނު ގޯހެއްކަން، މަންމަ ވެސް ބޭނުންވަނީ ސުހާނާ ނިކަން ހަރުދަނާ ކުއްޖަކާ ގުޅެން، ތިހެން އެކަނިވެރިވެގެން އުޅޭނެކަމެއްނެތް، ރަނގަޅު ކުއްޖަކު ހަޔާތަށް ހޯދޭތޯ މަސައްކަތްކުރަންވީ، އޭރުން ތި ފޫހިކަމާއި އެކަނިވެރިކަން ފިލާފާނެ، ސުހާނާ އަބަދު ރުޅިގަދަވެފައި ތިހުންނަނީ ވެސް އެހެންވެ، އެކަން ވެސް ރަނގަޅުވާނެ މީހުންނާއެކު ބޭރަށް ނިކުމެލާ ތާޒާވައިލިބެނިކޮށް، ނޭނގި ހުއްޓާ އަނެއްކާ ވެސް ހަޔާތަށް ބައިވެރިއަކު އައިސްދާނެ، ކަލޭމެންނަށް ނޭނގުނަސް އަހަރެން ވެސް ތި ކުދިންނާމެދު ވިސްނަމޭ، ދަރިންގެ އުޅުން ހުންނަ ގޮތަކުން އެންމެ ފުރަތަމަ ވެސް އަސަރު ކުރާނީ މަޔަކަށް، އަހަރެން ހުރިހާ ކުދިން ބޮޑުކުރީ ތަފާތުކޮށްގެންނެއްނޫން، އެކަމަކު ތިން ކުދިން ވެސް އުޑާއި ބިމާހާ ތަފާތު، ބައްޕައަށް ވެސް ބަދަލުތަކެއް އައިސްގެން އެއުޅެނީ ސުހާނާގެ އުޅުމަށް އައި ބަދަލުގެ ސަބަބުން، އަހަންނަށްވުރެ ގިނައިން ޔަޤީނުންވެސް ކަލޭމެން ކުދިންނަށް ވާފިރު ނަސޭހަތްދިން، އެހެރަ އަދީލު އެއްވެސް އުޅޭގޮތުގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނީ، އަހަރެން އެއްޗެއް ނުބުންޏަސް އަހަރެންގެ ދެލޯ ކަނެއްނޫންވިއްޔާ، ހަފްތާއަކު އަންހެން ކުއްޖަކު މިގެއަށް ވައްދާއިރު އަހަރެން ހިތަށް އަރާ އެ އަންހެން ކުދިން ވެސް އަޅެ ކުޅަދާނައޭ، ލަދެއް ވެސް ނުގަނެޔޭ މައިންބަފައިންގެ ކުރިމަތީ ފިރިހެން ކުއްޖާއާއެކު ކޮޓަރިއަށް ގޮސް ވަންނާކަށް….” ނަބީހާ ވާހަކައިގައި ހުރެ ސުހާނައަށް ސައިތަށްޓެއް އަޅައިދިނުމަށްފަހު ސައިބޯން އިށީނެވެ.
“އާދީގެ ވާހަކަ އޭނާގެ ގާތުގައި ދައްކަބަލަ، އަހަރެން ގާތު ތިވާހަކަދެއްކިއްޔާ ފައިދާއެއްވާނެތަ” ސުހާނާ ބުނެލިއެވެ.
“ތީ އަހަރެންގެ ހުރި ހަމައެކަނި އަންހެންދަރިއަކީ، އަހަރެން ބައްޔެއްވާ ދުވަހަކުން ވެސް އަހަންނަށް ކަމެއް ކޮށްދޭން ހުންނާނީ ސުހާނާ، އެހެންވީ އަހަރެންގެ ހިތަށް އުނދަގޫވާ ކަންތައްތަކުގެ ވާހަކަ ވެސް ދެއްކޭނީ ސުހާނާ ގާތުއެންނު، ދަރިފުޅާ ސުހާނާ، މަންމައަށްޓަކައި ވިޔަސް ކުރިންވީ ކަންތައް ހަނދާންނައްތާލާފައި އައު ދިރިއުޅުމެއް ފަށަށް މަސައްކަތްކޮށްބަލަ، މަންމަގެ ހުރި ހަމައެކަނި އަންހެން ދަރިފުޅާ މެދު ހާދަ އުންމީދެއް މަންމަ ކުރަމޭ، ނިކަން ހަރުދަނާވެ ހުރިހާ ކުދިންނާ ގުޅިގެން އުޅެން މަސައްކަތްކޮށްބަލަ” ނަބީހާ އޭނާގެ ގޮތުގައި ސުހާނާއަށް ނަސޭހަތްތެރިވިއެވެ. ސުހާނާ ހިތްހަމަނުޖެހި ޒުވާބުކުރަން ފަށާފާނެކަމަށް ނަބީހާ ތައްޔާރުވެ އިނެއްކަމަކު މިފަހަރު އޭނާ ޖަވުގައި ޚިޔާރުކުރީ ހިމޭންކަމެވެ. މަޑުމަޑުން އިނދެ ސައިތަށި ބޮމުން ހެދިކާ ކަމުންދިޔައެވެ. އެކަމުން ނަބީހާއަށް ހައިރާންކަމެއް ލިބުނެއްކަމަކު އޭނާ ވިސްނީ އެއީ ސުހާނާގެ ފަރާތުން ފެނުނު ރަނގަޅު އިޝާރާތެއްކަމަށެވެ.
* * * *
ސުހާނާ މިހާރު އެ ހުރީ މީހަކު ދައްކާ ވާހަކައެއް، ދޭ ނަސޭހަތެއް ޤަބޫލުކުރާ ގޮތަކަށް ނޫނެވެ. އަކްމަލް އާއިއެކު ހަފްތާއަކު އެއްފަހަރު ކަހަލަ ގޮތަކަށް ޒީވާ އެގެއިން ފެންނަން ފެށުމުން ސުހާނާގެ ރުޅި ފިނިވާގޮތެއް ނުވިއެވެ. ހިނިއައިސްފައި ޢާއިލާގެ މެންބަރުންގެ ތެރޭގައި އަކްމަލް އުޅޭއިރު އެކަމާ ސުހާނާ އިންތިހާއަށް ހަސަދަވެރިވެއެވެ. ކުރާނެކަމެއް ހަދާނެގޮތެއް ނޭނގިފައި ހުއްޓާ ޝައިތާނާ އޭނާއަށް ދިނީ އެވަގުތު އޭނާ ބޭނުންވެފައި ހުރި ކަހަލަ މޮޅު، އެހާމެ ނުބައި ޚިޔާލެކެވެ. އަތުގައި ފޯނުން މީހެއްގެ ނަންބަރު ސުހާނާ ހޯދަންފެށީ ދެނެވެ.
“ހެލޯ، އޭތް! މައިކަލް، މީ… މީ ސުހާއޭ، ހަމްބެގެ ބިޓު” ކޮޓަރިތެރޭ ފޯނު ކަންފަތުގައި ޖަހާލައިގެން ހުރި ސުހާނާ ކެތްމަދު ގޮތަކަށް ބުނެލިއެވެ.
“އޭން! ސުހާއޭ… ކޮން ހަމްބެއެއް؟” ވަރުނެތް ފިރިހެން އަޑަކުން ބުނެލިއެވެ. އެއާއެކު ސުހާނާ “ޗޮކެއް” ކަނޑާލާފައި އަނެއްކާ ވެސް ވާހަކަދައްކަން ފެށިއެވެ.
“ސާބަސް މައިކަލްއަށް، ހާމިޝްގެ މަތިން ހަނދާންނެތުނީތަ އެހާ އަވަހަށް، ކަލޭތީ އޭނާގެ އެންމެ ގާތް އެކުވެރިޔާ” ސުހާނާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.
“އޯ، ސޮރީ ގާލް، ތީ ހަމްބެގެ ސުހާ ދޯ، ކިހިނެއްވީ ގުޅާލީ، އަނެއްކާ ހަމްބެ މިކޮޅަށް ގެންނަނީތަ؟” ފޯނުގެ އަނެއްކޮޅުން ވާހަކަދައްކަމުން ދިޔަ މައިކަލްގެ ސަމާލުކަން ސުހާނާ ހޯދިއެވެ.
“ތިހެންވާނެނަމަ ކޮންފަދަ، އަހަންނާ މީޓުކޮށްލެވިދާނެތަ، ވަރަށް ބޮޑު ވާހަކައެއް ދައްކާލަންވެގެން، މައިކަލްގެ އެހީތެރިކަމެއް އަހަރެން ބޭނުންވެގެން” ސުހާނާގެ އަޑުގައި ވެސް އެވަގުތު މަޑުމޮޅިކަމެއް އެކުލެވިގެންދިޔައެވެ.
“ސުހާ އެންނު، ކީއްވެ ބައްދަލުނުކުރާންވީ، އެކަމަކު މިރޭ ދިހައެއްގެ ކުރިން ގަޑިއެއްކިޔައިފިއްޔާ ބައްދަލުވާނީ، ހަމްބެ ބުންޏޭ އަހަރެންގެ ގާތު ސުހާއަށް ބަލައްޗޭ” މައިކަލްގެ ޖަވާބުން ސުހާނާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.
“ތޭންކްސް މައިކަލް، ނުވައެއްޖަހަންވާއިރަށް އަހަރެން ދާނަން ބީޗުގެ ޑައިންމޯ ބިއްދޮށަށް، އެތަނަށް މައިކަލް އަންނަންވީ” ސުހާނާ ނިކަން އަވަހަށް ބުނެލިއެވެ. ހީވީ ސިކުނޑީގައި ހުރިހާ ކަމެއް މާކުރިން ރާވާލާފައި އޮތްހެނެވެ.
އަކްމަލް އިންނަން އުޅޭ ކުއްޖާގެ ނަމަށް އަދީލުގެ ސަމާލުކަން ހުއްޓުނީ ގޭތެރޭގައި މާގިނައިން އެނަން ކިޔާއަޑު އިވިގެނެވެ. ހިތަށް ބުނެދޭންނޭނގޭ ގޮތްތަކެއްވުމާއެކު އެ އަންހެން ކުއްޖާ ދުށުމަށް އަދީލުގެ ހިތް އެދެންފެށިއެވެ. ފަހަރެއްގައި ލޮލަށް ފެނުމުން އޭނާގެ ހިތާއި ސިކުނޑީގައި އުފެދިފައިވާ ވަހުމު ފިލާ ހިނގައިދާނެކަމަށް އަދީލު ޤަބޫލުކުރިއެވެ. އެއްފަހަރު ވެސް އަކްމަލް، ޒީވާ ގޮވައިގެން ގެއަށް އަންނައިރު އޭނާއަށް ގެއަކު ނޫޅެވެއެވެ. ސަމާސާއަކަށް ހަދާފައި އަކްމަލްގެ ގާތުގައި ޒީވާއާ ބައްދަލުކޮށްދޭން އަދީލު އެދުމުން އެކަމަށް މާބޮޑު ސަމާލުކަމެއް ނުލިބުނެވެ. ފަހަރެއްގައި އޭނާގެ އުޅުން ހުންނަގޮތުން އަކްމަލް ޖެހިލުންވަނީ ކަމުގައި އަދީލު ހީކުރިއެވެ. ނަމަވެސް އޭނާ އަކްމަލްގެ ހައްޤަކަށް އޭނާ އަރައިގަންނާކަށް ބޭނުމެއްނޫނެވެ. އެހިސާބަކަށް އަދި އޭނާ ނުދެއެވެ. އެހާ ޔަޤީންކަން އަދީލަށް އަދި އެބައޮތެވެ.
“ދޮންބެ ތިހާވަރުން ޒީވް ދެކެން ބޭނުންވަންޏާ އަންނަ ފްރައިޑޭއަށް މަޑުކުރޭ، މަންމަ ބުނެފަ އޮތީ މެންދުރު ކެއުމަށް ޒީވް މިގެއަށް ގެންނަން، އޭރުން ކާމޭޒު ދޮށުން އެންމެނާ ދިމާވާނެއެންނު، ދެދުވަސް ފަހުން ފްރައިޑޭ އަތުވެދާނެ، އެހެންވީމަ ގިނަދުވަހެއްނެތެންނު” ބެލްކަނީގައި ފޯނުން ގޭމްކުޅެން އިން އަކްމަލްގެ ފަހަތުން އަދީލު ނުނައްޓައިގެން އޭނާ ބުންޏެވެ.
“އޯކޭ، ޔަޤީނުންވެސް އެގަޑީގައި އަހަރެން ހުންނާނީ ގޭގައި” އަދީލު ވަރަށް ޔަޤީންކަމާއެކު ބޯޖަހަލުން ބުނެލިއެވެ. ލުއިގޮތަށް ހީނލި އަކްމަލް އޭނާގެ ފޯނަށް ނަޒަރު ހުއްޓާލިއެވެ.
“ހިނގާބަލަ އެސަސިން ކްރީޑް ކުޅެން، މިހާރު އޮންނާނެ އޭގެ އާ ސީޑީއެއް ގެނެސްފަ” އަދީލު ދާން އުޅެފައިވެސް އަކްމަލްގެ އިސްތަށިގަނޑު ހާވާލަމުން ބުނެލިއެވެ. އެހިނދު ވަގުތުން އަދީލު އަތް އަކްމަލް ފޮޅުވާލިއެވެ.
“ބޮލާ ނުބެހިބަލަ… މިއަދު ދޮންމެ ހަމައެއްނޫންހެން ހީވަނީ” އަކްމަލް ފުންމައިގެން ތެދުވެ އިސްތަށިގަނޑުގައި އަތްފުނާއަޅާ ރީތިކޮށްލަމުން ބުނެލިއެވެ.
“ވަރަށް ފޫހިވެގެން މިއުޅެނީ، ރައްޓެހިންތައް ވެސް ވީ އެކި ދިމާލަށް ގޮސްފައި، އޮފީހުގައި ވެސް ކަމެއްނެތް، ހިސާބަށްވުރެ ވައިވީމާ ދެން މިހެންނު އުޅެވޭނީ، ބަހަނާ ނުދައްކާ ދެން ހިނގާބަލަ” އަކްމަލްގެ އަތުގައި ހިފައި ދަމައިގަންނަމުން އޭނާގެ ކޮނޑަށް އަތްވައްޓާލަމުން އަދީލު ހިނގައިގަތެވެ. ހީވީ ގަދަކަމުން އަކްމަލް އޭނާއާއެކު ގެންދަން އުޅުނުހެންނެވެ. އެހެންނަމަވެސް ގަދަ ހެދުމެއްނެތި އަކްމަލް ވެސް އަދީލާއެކު ދިޔައެވެ.
އަކްމަލްއާއެކު ވަގުތު ހޭދަކުރެވެންފެށިފަހުން ޒީވާއަށް މާރަނގަޅަށް ކިޔެވޭހެން ވެސް އޭނާއަށް ހީވެއެވެ. އެކަމަކު އަކްމަލްގެ ޚިޔާލުގައި އިނދެވޭ ވަގުތު މަދެއް ނޫނެވެ. ޒީވާގެ ހަޔާތުގެ އެއްބައިކަމުގައި އަކްމަލްވެފައި ވާއިރު އޭނާ އަދިވެސް އެ ދެމެދުގައި އޮތް ގުޅުން އޭނާގެ ޢާއިލާއަށް އޮތީ ސިއްރުކޮށްފައެވެ. ބައެއްފަހަރު ބުނަން ބޭނުންވެގެން އަނގަ ހުޅުވާލެވުނަސް ބުނާހާ ހިތްވަރެއް ނުލިބެއެވެ. ސަބަބަކީ ލަބީބު ނުރުހުންވެއްޖެނަމަ ޒީވާގެ ހުރިހާ އުފާވެރިކަމަކަށް ނިމުން އަންނާނެތީއެވެ.
ޒީވާގެ ކޯސް ނިމުމަކާ ކައިރިވަމުން އަންނަވަރަކަށް އޭނާގެ ސިކުނޑީގެ ހާސްކަން ވެސް އިތުރުވަމުންދިޔައެވެ. އަމިއްލަ ހަޔާތާމެދު ގޮތްނިމުގެ އިހުތިޔާރު ލިބިފައި އޮތްކަމަކު މައިންބައިންނަށް ސިއްރުން އެއްވެސް ކަމެއް ނުކުރެވޭނޭކަން އޭނާ ދަނެއެވެ. ކޯސް ނިމޭނެ ދުވަހެއްގެ އިންތިޒާރުގައި އަކްމަލް ހުރިއިރު އޭނާ ދަނީ ކައިވެންޏަށް ތައްޔާރުވަމުންނެވެ. ޒީވާގެ މައިންބަފައިން ގާތު އެ ދެމެދުގައި އޮތް ގުޅުމުގެ ވާހަކަދައްކާނީ ކޮންއިރަކުންތޯ ވެސް އަކްމަލް ސުވާލުކުރަންފަށައިފިއެވެ. ނަމަވެސް ޒީވާ މަސައްކަތްކުރަމުން ދިޔައީ އެވާހަކަ މަޑުޖައްސާލާފައި މައުޟޫޢު ބަދަލުކޮށްލެވޭތޯއެވެ. އެކަން އަކްމަލްއަށް ފާހަގަވާނޭކަން ވެސް ޚުދު އޭނާއަށް އެނގެއެވެ. އެހެންވިޔަސް މިހާރު އެއީ އޭނާ އެންމެ ދައްކަން ބޭނުންނުވާ ވާހަކައެކެވެ. ފަހަރެއްގައި ވެސް އަކްމަލްއާ ގުޅެން ބޭނުންނުވާތީއެއްނޫނެވެ.
“ޒީވް، ބައްޕައަށް ނާންގާ ކައިވެނިކުރެވޭނެ ގޮތެއް ނޯންނާނެ، ސޯ ޕްލީޒް، ޒީވްއަށް ބުނަން ނުކެރެންޏާ އަހަރެން ތިގެއަށް ގެންދަންވީނު، ނޫނީ އަދި އެބައޮތް އެހެން ޚިޔާލެއް، ޒީވް ބައްޕަގެ ނަންބަރު އަހަންނަށް ދީ، އޭރުން އަހަރެން ޒީވްގެ ބައްޕައާ ބައްދަލުކޮށް މި ވާހަކަދައްކަފާނަން، ކޯސް ނިމެން މިހާކައިރިވެފައި ވާއިރު ކުއްލިއަކަށް އަހަރުމެން ދެމީހުން ކައިވެނިކުރަން އުޅޭ ވާހަކަ ބައްޕަ ގާތު ބުނުން އެއީ ރަނގަޅު ގޮތްކަމަކަށް އަހަންނަކަށް ނުފެނޭ، ޒީވްގެ ބައްޕައަކީ ތިބުނާހާ ހަރުކަށި މީހެއް ނޫން، އަހަންނަށް ވަރަށް ބޮޑަށް ހީވޭ ޒީވްގެ ބައްޕަ އަހަންނާ ޤަބޫލުވާނެހެން” ނިދަން އޮވެ ފޯނުން ޒީވާއާ ވާހަކަދައްކަމުން ދިޔަ އަކްމަލް ބުނެލިއެވެ.
“ދުވަހަކު ވެސް ބައްޕަ ގާތު ފިރިހެންކުއްޖެގެ ވާހަކަ ދައްކާފައި ނުވާތީ އަހަރެން ޖެހިލުންވަނީ، ބައްޕަ ފެނުނަސް މިހާރު އަހަރެން ގަނޑުވޭ….” ޒީވާގެ އަޑުގައި އޭރު ވެސް ޖެހިލުންވުން ހުއްޓެވެ.
“ޒީވް….” މާޔޫސްވެފައި އޮތްފަދަ ގޮތަކަށް އަކްމަލް ގޮވާލިއެވެ.
“އައި ނޯ، އައި ނޯ… ޕްލީޒް އަކްމަލް، ޖަސްޓް ގިވް މީ އަ ވީކް، ބައްޕަ ގާތު ބުނަން ނުކެރުނަސް މަންމަ ގާތު މި ވާހަކަބުނެވޭތޯ އަހަރެން ބަލާނަން، ނޫނީ ސިސް ވެސް ހުންނާނެ އެންނު، ކޮންމެވެސް ގޮތެއް އަހަރެން ހަދާނަން” ޒީވާ އަވަސްއަރުވާލާފައި ބުންޏެވެ. އޭނާއާ ހެދި އަކްމަލް ނާއުންމީދުވާކަށް ޒީވާ ބޭނުމެއްނޫނެވެ.
“ޖަސްޓް އަ ވީކް އިނގޭ، އައި ލަވް ޔޫ…” އަކްމަލް ލޯތްބާއެކު ބުނެލިއެވެ.
ބާލީހުގައި ހިފަހައްޓާލައިގެން، އޭގައި ދަތްދޮޅި އަޅުވާލައިގެން އޮތް އަދީލުގެ ނަޒަރު ހުއްޓިފައި އޭނާގެ ކުރިމަތީ އޮތް ލެޕްޓޮޕުގެ ސްކްރީނަށެވެ. ކޮޓަރިތެރޭގައި ހުރި ހަމައެކަނި އަލިކަމަކީ އެ ލެޕްޓޮޕުގެ ސްކީރީނުން ފެތުރިފައި އޮތް އަލިކަމެއް އެކަންޏެވެ. ކޮޓަރީގެ އެއްފަރާތުގައި ހުރި ކުޑަދޮރު ހުޅުވާލާފައި ހުރުމުން މަޑުމަޑު ވައިރޯޅިތައް އައިސް ތުނިތުނި ފަރުދާތަކާ ކުޅެނީ ނުފެންނަ އަތަކުން އެފަރުދާ ހިއްލާލާ އުސޫލުންނެވެ. ނަމަވެސް އަދީލުގެ ފުރިހަމަ ސަމާލުކަން ވަނީ އެހެންކަމަކަށް ދެވިފައެވެ. އެހެންވެ އެ ކުޑަދޮރުން މީހަކު ވަނަސް އޭނާއަށް ރޭކާނުލާނެއެވެ.
“ވާ…!، މިގަނޑު އެންމެ ސަޅީ، ތިޔަ ހުރި ފަރިކަމެއްވާ ދޯ، ޔޫ އަރ ކިލިންގް މީ ގާލް” ތިރީތުންފަތުގައި ދަތްއަޅާލުމާއިއެކު ލޯހިމަކޮށްލި އަދީލު އަސަރާއެކު ބުނެލިއެވެ. ލެޕްޓޮޕުގެ ސްކީރީނުގައި ބޮޑުކޮށްލެވިފައިވަނީ ޒީވާގެ ފޮޓޮއެކެވެ. ފޮތްތައް ހިފައިގެން ކުލާހުން ނުކުންނަނިކޮށް ނާގާފައި ހުރި ފޮޓޯއެކެވެ. އެކަހަލަ އެތަށް ފޮޓޮއެކެވެ. އެއްމިޔަ ކަންނިން ހެވިލާފައި އޮވެ އަދީލު ފޮޓޯތައް ބަލަމުން އެވަރުން ނުވެގެން ލެޕްޓޮޕުގެ އިސްކުރީނުގައި ފިރުމާވެސް ލައެވެ.
“ސޮރީ ބޭބް، އައި ދިސް އިޒް ދި އޮންލީ ޗޮއިސް ޔޫ ގޭވް މީ… ހަޤީޤީ ކުށްވެރިއަކީ ތީ، އަހަންނަށް މިވަރު ކުރި ފަރާތަކީ ތީ، އެހެންނޫންނަމަ މިކަހަލަ ޑާޓީކަމެއް ކުރާކަށް ނުޖެހުނީސް، ކޮންމެގޮތަކުން ވިޔަސް ހޯދާނަމޭ ބުނީމެންނު” ސިކުނޑިހަމަނުޖެހޭ މީހަކު ފަދައިން އަދީލު ވާހަކަދައްކަމުން ފޮޓޯތަކަށް ބަދަލުގެންނަން ފެށިއެވެ. މުޅި ރޭގެ ހަތަރުދަމު ކަހަލަ ގޮތަކަށް އަދީލު އުޅުނީ އެކަހަލަ ގޮތަކަށެވެ. ދޭތެރެއަކުން ނިދިޖެހޭ ގޮތްވެލީމާ ކޮފީތަށްޓެއް ގިރައިގެން އައިސް އޭނާގެ މަސައްކަތް ކުރިއަށް ގެންދެއެވެ.
ފަތިސް ނަމާދުކޮށްގެން އައިސް ލަބީބު ކޮޓަރިއަށް ވަންއިރު ޝީރީން ފެންނަން ނެތުމުން އޭނާގެ މިސްރާބު ބަދަލުކޮށްލީ ބަދިގެ ފަރާތަށެވެ. ޝީރީންގެ މަސައްކަތް އޭނާ ފަތިހުފަތިހާ ފަށައެވެ. ހެނދުނު ސްކޫލަށް ދާ ދެކުދިންނާއި އޮފީހަށްދާ މީހުން އޮފީހަށް ނުކުތުމުގެ ކުރިން ރަނގަޅަށް ސައިދިނުމަކީ އޭނާ ކޮންމެހެން ވެސް ކުރާކަމެކެވެ. ބައެއްފަހަރު ވާހަކަފޮތްފޮތަށް ގެއްލިފައި އިނަސް ޝީރީނަކީ މުރާލި އުޅުންހުރި އަންހެނެއްކަން ލަބީބު ދަނެއެވެ.
“ޝީރީން، ކޮބާ ކުދިން ނުތެދުވޭތަ” ލަބީބު އައިސް ކާމޭޒު ކައިރިން ގޮނޑިއެއްގައި އިށީންނަމުން އަހާލިއެވެ.
“އަހަރެން ޒީވާއަށް ގޮވަންދިޔައިރު އެމަންޖެ ހުރީ ކޮޓަރީގައި ނަމާދަށް، ލަމްޔާ ގާތު ބުނާކަށް ނުވެސް ޖެހޭނެ، ކުޑަ ދެމީހުން ނަމާދުކުރިގޮތަށް އެބައުޅޭ އެނދު ތަންމަތިއަޅަން، އައު އެނދެއްވީމަ ކުރީކޮޅު އުޅޭނީ ވަރަށް ލޯބިން، ރަނގަޅު ހަފްތާއެއް ވަންދެން ވެސް އެގޮތަށް ރީތިކޮށްގެން ގެންގުޅެއްޖެއްޔާ، އެނގޭތަ؟ މިހާރު ކުލަ ފިބާތަކާއި ފަންސޫރުތައް ވެސް އެނދުމައްޗަށް އުކާލާފައެއް ނޯވޭ، މޭޒުކައިރީ ތިބެގެން ފިލާވަޅު ވެސް ހަދަނީ” ޝީރީން ހިނިއައިސްފައި ހުރެ ބުނެލިއެވެ.
“ޒީވާއަށް ކޮޓަރި ހަދައިދޭއިރު އެކުދިންނަށް އުޅެވޭނޭގޮތަށް އެތިބި ކޮޓަރި ހަދައިދޭންވާނެ އެންނު، އަހަރެން ކިތަންމެ އިރަކު ބޭރުގައި އުޅެފައި އައިސް ގެޔަށް ވަނުމުން އެލިބޭ ހިތްހަމަޖެހުމެއް އެހެން އެއްވެސް ކަމަކުން ނުލިބޭ، އަދި ވަކިން އުފާވޭ ކުދިންގެ މެދުގައި އޮންނަ ގާތް ގުޅުންފެނިފައި، އެކަމުގެ ހުރިހާ ތަޢުރީފެއް ހައްޤުވަނީ ޝީރީނަށް، އެކުދިން އަހަންނަށް ކުރާ ޤަދަރަކީ ޝީރީން އަހަންނަށް ކުރާ ޤަދަރުކަން އަހަންނަށް ޔަގީން، ހަތަރު އަންހެން ކުދިން އެކުގައި ބޮޑުވަމުން އަންނައިރު އެކުދިންގެ ފަރާތުން އަހަރެން ނުރުހޭ އެއްވެސްކަމެއް ނުފެނޭ… ބަފައަކަށް މީ ނިޢުމަތެއް ނޫންތަ؟” ހިތްހަމަޖެހުމުގެ ހިނިތުންވުމެއް ލަބީބުގެ ތުންފަތުގައި ދުވެލިއެވެ.
“ލަބީބު ކަހަލަ ފިރިއަކު އަހަންނަށް ލިބުނީތީ އަހަންނަށް ރަނގަޅު މަންމައަކަށްވެވުނީ، އެކުދިން ލަބީބަށް ޤަދަރުކުރަނީ ތި ވަރުގެ ބައްޕައަކު އެކުދިންނަށް ނުލިބޭނެތީ، ހުރިހާ ކުދިން ވެސް މިއަދު އެތިބީ ހެޔޮވިސްނޭވަރުވެފައި، އަހަރެންގެ އަބަދު ވެސް ދުޢާއަކީ އަހަރުމެން ފެންނަންނެތް ދުވަހަކުން ވެސް ކުދިން ބައިބައިވުމުގެ ބަދަލުގައި އެކުގައި ދިރިއުޅެން މަސައްކަތްކުރުން، ބޮޑު ޢާއިލާއެއް އެކުގައި އުޅޭތަން ދުށުމުގެ ހުވަފެން އަހަރެން އަބަދުވެސް ދެކެން، ދަރިންނާއި ދަނބިދަރިންނާއި މާމަ ދަރިން އެކުގައި އެއްފުރާޅެއްގެ ދަށުގައި ގާތްކޮށް އޫޅޭތަން ދެކޭހިތް ނިކަންވޭ” ހުވަފެނީގޮތަށް ހިނިތުންވެލައިގެން ހުރެ ވާހަކަދައްކަމުން އައިސް ލަބީބުގެ ކުރިމަތީ ކާމޭޒުދޮށުގައި ޝީރީން އިށީނެވެ.
“އެދުވަސް ވެސް އިރާދަކުރެއްވިއްޔާ ލަހެއްނުވެ ފެނިދާނެ، މަށަށް މިހިރީ ވަލީވެރިއަކަށްވިއްޔާ ވެވިފައި” މިހެންބުނެ ލަބީބު ސަކަގޮތަކަށް ހިނިގަނޑެއް ޖަހާލިއެވެ. އެއާއެކު ލަބީބުގެ އަޑުދަށުން ކަހަލަ ގޮތަކަށް ޝީރީން ހީނލިއަޑު ވެސް އިވިގެންދިޔައެވެ.
“މަންމާ…” ބަދިގެއަށް ވަދެގެން އައި ޒީވާ ގޮވާލިއެވެ. މިހާ ހެނދުނާ މަންމަ އާއި ބައްޕަ އެކުގައި ތިއްބާ ދިމާވުމުން ޒީވާގެ ހިތާއި ސިކުނޑި އޭނާއަށް ކަމެއް ހަނދާންކޮށްދިނެވެ. ހިންދިރުވާލާފައި ފުންނޭވާއެއް ބޭރުކޮށްލަމުން މީހާ ހަމަޖެހިލާފައި ހުރި ގޮތް ދައްކަމުން އައިސް ކޮފީއެއް ގިރަން އުޅުނެވެ.
“ދަރިފުޅު ތި ހަދާ ކޯސް ނިމުނީމަ ދެން އިތުރަށް ނުކިޔަވާނަންތަ؟” ލަބީބު ސުވާލުކޮށްލިއެވެ.
“ދެން ކިޔަވާނީ ވަޒީފާއަކަށް ނުކުމެފައި، ބައްޕަ އާއި ލަމްދައްތައާ ވެގެން ގޭގެ ޚަރަދުތައް ތިބަލަހައްޓަނީ، އަހަރެން ވެސް މިހާރު މިހިރީ މަސައްކަތްކުރާވަރު ވެފައެންނު، ރީމްމެންގެ ޚަރަދު ވެސް ކުޑައެއްނޫން، އެމީހުން ވެސް ސެކެންޑަރީ ލެވެން ފެށީމާ ޓިއުޝަންތަކާ ތަންނަށް އެހާ ގިނަ ފައިސާ ދައްކަން ޖެހޭނެ، މިހާރު ވެސް މަދު ފައިސާކޮޅެއް ނޫނެންނު ބައްޕަ އަހަރެންގެ ކޯހަށް ތިދައްކައިދެނީ” ކުރަމުންދިޔަ މަސައްކަތަށް ހުއްޓުމެއް ނުގެނެސް ޒީވާ ބުނެލިއެވެ.
“ބައްޕަ މަސައްކަތް ކުރަނީ ދަރިފުޅުމެންނަށްޓަކައޭ، އެހެންވީމަ ޚަރަދުކުރަން ތިބޭނީ ވެސް ދަރިފުޅުމެންނު، ފައިސާއާ މެދު މާބޮޑަށޭ ޒީވާ ތި ވިސްނަނީ، އަދި ފައިސާ ހޯދަން ހޭބޯނާރާ އުޅޭވަރެއް ދަރިފުޅު ނުވެޔޭ” ލަބީބު ހަމަޖެހިލައިގެން އިނދެ ބުނެލިއެވެ.
“މީ ފިސާރި ބޯހަރު ދަރިއެއް” ޝީރީން މޭޒުދޮށުން ތެދުވަމުން ބުނެލިއެވެ.
“ބައްޕާ، ވާހަކައެއް އަހާލަންތަ؟” ޒީވާ ކޮފީމަގު ހިފައިގެން ލަބީބަށް ފުރަގަސްދީގެން ހުރެ ބުންޏެވެ. އެހިނދު ޝީރީނުގެ ސަމާލުކަން ވެސް ޒީވާއަށް ދެވުނެވެ.
“އާނ! އަހާބަލަ” ލަބީބު ދަރިފުޅާ ދިމާލަށް ކުޑަކޮށް އެނބުރިލަމުން ބުންޏެވެ.
“އަހަރެން މީހަކާ އިނދެފިއްޔާ ބައްޕަމެން ރުޅި އަންނާނަންތަ؟” ޒީވާ މިހެން އަހާލުމާއިއެކު ލަބީބު ބަލާލީ ޝީރީނަށެވެ. ދެމީހުން އެއްފަހަރާ ކަހަލަ ގޮތަކަށް ހޭންފެށިއެވެ.
“ކިހިނެއްވީ؟ އެއީ މަޖާ ވާހަކައެއް ނޫނެންނު” ހައިރާންވި ޒީވާ އަވަސް އަވަހަށް ބުނެލިއެވެ.
“ދެންމެ މަންމައާ ދެމީހުން މިދެއްކީ ތި ވާހަކަ، މިގޭގައި މިތިބީ ހުސް އަންހެން ކުދިންވީމަ، ކޮންމެވެސް ދުވަހަކުން މީހުންނާ އިންނާނެއޭ، އެއީ ބައްޕަ ރުޅިއަންނަންޖެހޭވަރު ކަމެއް ނޫނެންނު، އެއީ ދުނިޔޭގެ އުސޫލު” ހިނިއައިސްފައި އިން ލަބީބު ބުންޏެވެ.
“ޒީވް، ދަރިފުޅު މީހަކާ އިންނަން ބޭނުންވީތަ؟ ދެން ވަޒީފާއަށް ދިއުމޯ؟ މިހާރު އެ ޚިޔާލު ބަދަލުވީތަ؟” ޝީރީން ސުވާލުކުރި ނަމަވެސް އޭނާގެ އަޑުގައިވަނީ ސަމާސާ ގޮތެކެވެ.
“އެހެނެއްނޫނޭ މަންމާ، އަހަރެން ވަޒީފާއަކަށް ވެސް ދާން ބޭނުން، އެކަމާ މީހަކާއިނުމާ އެއްވެސް ގުޅުމެއްނެތެންނު” ޒީވާ ބުނަން އުޅޭ އެއްޗެއް ލަބީބަކަށް އަދި ޝީރީނަކަށް ނަގައެއް ނުގަނެވުނެވެ. އެމީހުންގެ ވާހަކަތަކުގައި ސަމާސާގޮތް އެކުލެވިފައިވަނީ އެހެންވެގެންކަން ޒީވާއަށް އެނގެއެވެ.
“ޒީވާ މީހަކާ އިންނަން ބޭނުންވަނީތަ؟ ނޫނީ މީހަކާއިންނަންވާއިރަށް ބައްޕަގެ ހުއްދަ ހޯދަނީތަ؟” ލަބީބު ބުނެލިއެވެ.
“އަސްލު… ބައްޕާ! މީ ސީރިއަސް ވާހަކައެކޭ، އަހަރެން މީހާރު މީހަކާ އިނދެފިއްޔާ ބައްޕަ ރުޅިއަންނާނަންތަ” ޒީވާ ކޮފީތަށި ގިރާލައިގެން އައިސް ކާމޭޒު ދޮށުގައި އިށީނެވެ. އެ މޫނުމަތީގައި ސަމާސާކުރުމެއްނެތްކަން ލަބީބަށް ނަގައިގަނެވުނީ ދެނެވެ. ދަރިފުޅުގެ މޫނަށް ވަރަށް ރަނގަޅަށް ބަލާލުމަށްފަހު އޭނާ ދެން ބަލާލީ ޝީރީނަށެވެ. ޒީވާ ބުނަން އެއުޅެނީ ކީކޭބާއޭ ފުރަތަމަ ފަހަރަށް ލަބީބުގެ ހިތުގައި ސުވާލުއުފެދުނެވެ. ތުންފަތަށްވެރިފައިވާ ހިނިތުންވުން ގެއްލުނީ އެހިނދުއެވެ.
“ދަރިފުޅާ، މީހަކާއިނުމަކީ އެހާ ފަސޭހައިން ވާނެކަމެއްނޫން، މީހަކާ އިނުމުގެ ކުރިން އިންނާނެ ރަނގަޅު މީހަކު ވެސް ހޯދަންޖެހޭ، ނޫނީ ބައްޕަމެންނަށް ނޭނގި ދަރިފުޅު ކިޔެވުމުގެ އިތުރުން އެހެންކަމެއް ކުރަނީތަ؟ މީހަކާ އިނުމުގެ ޚިޔާލު އައިސްގެން ތިއުޅެނީ ކީއްވެކަން ނިކަން ބައްޕައަށް ކިޔައިދީބަލަ” މޭޒުމަތީ ދެއަތްއަޅުވާލުމާއެކު ޒީވާއާ ދިމާލަށް ކުޑަކޮށް ހަށިގަނޑު ގުދުކޮށްލަމުން ލަބީބު ބުންޏެވެ. ގޮތަކަށް ސިހިފައި ހުރި ޝީރީނަށްވެސް އައިސް ޒީވާގެ ގާތުގައި މޭޒުގެ ދޮށުގައި އިށީނދެވުނެވެ.
“ޒީވް، ދަރިފުޅު ކަމެއް ސިއްރުކުރަނީތަ” ކަންބޮޑުވެފައި ޝީރީނަށް އަހާލެވުނެވެ. ހަޤީޤަތުގައި އޭނާ ކަންބޮޑުވާންވީ ކޮންކަމަކާކަމެއް އެވަގުތު ނުވިސްނެއެވެ. އެހެންނަމަވެސް ކޮންމެވެސް ކަމެއް ވެއްޖެއޭ ޝީރީނުގެ ހިތް ބުނަނީއެވެ.
ޝީރީނާއި ލަބީބުގެ ފަރާތުން ފެނުނު ކަންބޮޑުވުން ޒީވާ އިތުރަށް ހާސްކުރުވިއެވެ. ދެއަތްފިނިވެ ދާހިތްލަން ފެށުމުން ވާހަކަދައްކަން އޭނާއަށް އުނދަގޫވިއެވެ. ސީރިއަސް ނޫން ގޮތަކަށް ވާހަކަކުރިއަށް ގެންދަން ކުރި މަސައްކަތްވީ ބޭކާރެވެ. މިހާރު އެމިހުން އެ ތިބީ ޒީވާ އެއްޗެއް ބުނާނެ އިރެއްގެ އިންތިޒާރުގައެވެ. މަންމަ އާއި ބައްޕަގެ މޫނަށް ވަކިންވަކިން ބަލާލުމާއެކު ޒީވާ އެއްޗެއް ބުނަން އަނގަހުޅުވާލިއެވެ.
“ބައްޕަ އަހަރެން އަކްމަލްދެކެ ވަރަށް ލޯބިވޭ، އަހަރުމެން ބޭނުންވަނީ ކައިވެނިކުރަން….” ދެލޯމަރާލި ޒީވާ ލޯހުޅުވާލިއެވެ. އެހެންނަމަވެސް އޭނާ އެބުނި އެއްޗެއް އޭނާގެ މައިންބަފައިންނަކަށް އަޑެއް ނީވެއެވެ. އިވޭނީ ދޫ ހަރަކާތްކުރިނަމައެއް ނޫންހެއްޔެވެ. އެ ބުނި އެއްޗެއްވިއްޔާ ޒީވާއަށް ބުނެވުނީ އޭނާ ހިތާ ހިތައެވެ. މިއީ ކުރަން އެހާ އުނދަގޫކަމަކަށް ވެދާނެއެކޭ ކުރިން ޒިވާ ހިޔެއްނުކުރެއެވެ.
“ޒީވާ… ކީއްވެތަ އެއްޗެއް ނުބުނެ ތިއިންނަނީ؟” ލަބީބު ބުނީ ކިތަންމެ ރީތިކޮށް ނަމަވެސް ޒީވާއަށް ހީވީ އެ އަޑުގައި ހަރުކަށިކަމެއް އެކުލެވިފައި ހުރިހެންނެވެ.
“މެ… މެރީ… ކު.. ރަ.. ން… ބޭނުން.. ވަނީ…” އިންތިހާއަށް ޖެހިލުންވެފައި އިނދެ ޒީވާ ބުނެލިއެވެ.
“ކާކާ؟” ޝީރީންގެ ދެލޯބޮޑުކޮށްލުމާއެކު އަހާލެވުނެވެ. ހީވީ ނުރައްކާތެރި ޚަބަރެއް އޭނާގެ ކަންފަތަށް އިވުނީ ހެންނެވެ.
“ތެދެއް ދަރިފުޅާ، އެއީ ކޮންކުއްޖެއް؟ ކޮންގެއަކު އުޅެނީ؟” ހެނދުނުގެ ނެގިމަޑުކަމުގައި އިން ލަބީބުގެ ނަފުސު ސިހިއްޖެއެވެ. އަންހެން ދަރިފުޅު މީހަކާ އިންނަވަރުވެއްޖެކަމުގައި އޭނާއަށް ކުޑަކޮށްވެސް ޤަބޫލެއް ނުކުރެވެއެވެ. އެއަށްވުރެ ދަރިފުޅާމެދު ދެކެމުންދާ ހުވަންތައް ފޮނިވެފައި އުންމީދުތައް ގިނައެވެ. ރަނގަޅަށް ކިޔަވައިގެން މުޖުތަމައަށް ފައިދާކޮށްދޭނޭ ދަރިއެއްކަމުގައި ޒީވާ ހެދުމަށް ލަބީބު އޭނާގެ ފެންވަރުން ނުހަނު މަސައްކަތްކުރެއެވެ. ނަމަވެސް ދަރިފުޅުގެ ފަރާތުން ދާދި ދެންމެއަކު އެ އިވުނީ އޭނާގެ އެ ހުރިހާ އުންމީދެއް ފުރިހަމަވުމުގެ ކުރިން އެކަމަށް އެޅޭނޭ އެންމެ ބޮޑު ހުރަހުގެ ވާހަކައެކެވެ. ބުރަމަސައްކަތުން ހޯދި ފައިސާކޮޅު އެޅުނީ އަނދައަނދާހުރި އަލިފާނުގެތެރެއަށޭ ހީވާ ފަދަ އިހުސާސެއް އެހިނދު ލަބީބަށް ކުރެވިގެންދިޔައީ ކީއްވެކަމެއް ނޭނގެއެވެ. ގަބުއަރާފައި ވިސްނަން އިންފަދަ ގޮތަކަށް އިސްޖެހިފައި ލަބީބު އިނެވެ.
“ޒީވާ، ބައްޕަގެ ސުވާލަށް ޖަވާބުދީބަލަ” ޒީވާ ބިރުގެންފައި އިންހެން ވާހަކަނުދެއްކިފައި އިންދާ ޝީރީންގެ އަޑުއިވިގެންދިޔައެވެ. މިފަހަރު ހަމަ ޔަގީނުންވެސް ޝީރީންގެ އަޑުގައި ހިތްހަމަނުޖެހުމުގެ އަސަރު އެކުލެވިފައި ހުރިކަން ޒީވާއަށް ފާހަގަކުރެވުނެވެ.
“އަ…ކް… އަކް… މަ…ލް…” ކަރުގައި އެއްޗެއް ތާށިވެގެން އުޅޭކަހަލަ ގޮތަކަށް ޒީވާ، އަކްމަލްގެ ނަން ބުނެލިއެވެ.
“އަކްމަލްއޭ” ވަގުތުން ލަބީބުގެ އިސްއުފުލިގެން ދިއުމާއެކު އޭނާގެ ސިކުނޑީގެ ތަންކޮޅެއްގައި މީހަކު ފުތްޓައްކެއްޖަހާލި ކަހަލައެވެ. ލަދުގަނެ ފިނިވެފައި އިން ޒީވާ ބޯޖަހާލިއެވެ. ކުއްލިއަކަށް ޓައިލްސްތަކުގެ މަތީ ހޭކިގެން ދިޔަ ގޮނޑިއާއެކު ފެނުނީ އިންތަނުން ތެދުވެގެން ލަބީބު ދިޔަތަނެވެ. ތިރީތުންފަތުގައި ދައިގަންނަމުން ކަންބޮޑުވުމުގެ ނަޒަރަކުން ޒީވާއަށް ބަލާލެވުނީ އެއްފަރާތުގައި އިން އޭނާގެ މަންމައަށެވެ.
“މަންމައަކަށް ނޭނގޭ ޒީވާއަށް ބުނާނީ ކީކޭކަމެއް ވެސް” އަންތަރީސްވެފައި އިނދެ ހިތްހަމަނުޖެހުމުގެ ރާގެއްގައި ޝީރީން މިހެން ބުނަމުން ކޮޅަށް ތެދުވިއެވެ. ވަގުތުން ޒީވާގެ އިސްތިރިކޮށްލެވުނީ ކަންބޮޑުވުމާއެކުއެވެ. ޚުދު އޭނާ ވެސް އިތުރަށް މަންމަމެން ގާތު ދައްކާނެ ވާހަކައެއް ނޭނގިފައި އިން ކަހަލައެވެ. ނޫނީ އެމީހުންގެ އިތުރު ސުވާލަކަށް ޒީވާ މަޑުކުރަނީކަން ވެސް ނޭނގެއެވެ.
“ރަނގަޅަށް ކިޔަވާ ނުނިމިގެން އުޅެނިކޮށް މިހާރު މީހަކާ އިންނަންވީ، ޒީވާ ބޭނުންވަނީ އުމުރުން ޅައިރުގައި ކައިވެނިކޮށް ބައްތިރީސް ދަރިން ވިހައިގެން ގޭގައި ދަރިން ބަލަންއިންނަ އަންހެނަކަށްވާންތަ؟ އަހަރެން ހިތަށްއަރާ ޒީވާއަށް ލިބިފައިތިހިރީ ކޮންކަހަލަ ވިސްނުމެއްބާއޭ… އެހާވަރަކުން ކިޔަވަން ފޫހިވެގެން ތިއުޅެނީ ތިޔަކަމަކާ ހުރެ ދޯ، ކާކުތަ އެއީ؟، ކޮންގެއަކު މީހެއްތަ؟ ޒީވާ ތިހާވަރަކުން އިންނަން ބޭނުންވެގެން އުޅޭމީހަކީ ކިހާވަރެއްގެ ކާކުކަން ވެސް މަންމަމެނަށް އެނގެންވާނެ ކަންނޭނގެ، ތިހެން ހައްޕުކިޔައިގެން އިނދެގެން ހުރިހާ ކަމެއް ފުރިހަމަވީކީއެއްނޫން، ކިޔައިދީ އެއީ ކާކުކަން” ޝީރީންގެ ވާހަކަތަކުން އޭނާއަށް އަކްމަލްއަކީ ކާކުކަން އަދި ނޭނގޭކަން ޒީވާއަށް އެނގުނެވެ. ހުރިހާ ދަރިންދެކެ ނުހަނު ލޯބިން އުޅޭ މަންމަ ފުރަތަމަ ފަހަރަށް ވަރަށް ބޮޑަށް ނުރުހުންވެއްޖެކަން އެނގުމުން ޒީވާގެ ހިތަށް އަސަރުތަކެއް ކުރިއެވެ. އަކްމަލް އާއި އޭނާއާ ދެމެދު އޮތް ގުޅުމަށް ވާނީ ކިހިނެއްބާއޭ ސުވާލު އުފެދޭގޮތް ވެސް ވެއްޖެއެވެ.
“މާލޭގައި އުޅެނީ، އަމިއްލަ އޮފީހެއްގައި މަސައްކަތްކުރަނީ، އަހަންނަށްވުރެ ތިން އަހަރު ބޮޑު، އޭލެވެލްއާ ހަމައަށް ކިޔަވާފައިހުރީ، މަންމައަށް އަކްމަލް ފެނިފައި ހުންނާނީ” ޒީވާ ދެއްކި ހުރިހާ ވާހަކައަކަށް ދެވުނު ސަމާލުކަމަށްވުރެ އޭނާ އެންމެފަހުން އެ ބުނި އެއްޗަކުން ޝީރީންގެ މޫނުގައި ސުވާލުމާކެއް ޖެހިގެން ދިޔަކަހަލައެވެ.
“ފެނިފައޭ… ކޮންތާކުން؟” އިތުރުހައިރާންކަމަކާއެކު ޝީރީން އަނެއްކާ ވެސް ފެށީ ސުވާލު ކުރާށެވެ.
“މަންމާ، އެއީ ބައްޕަގެ ވޮލެޓު ގެނެސްދިން ކުއްޖާ” އަކްމަލްއަކީ ކާކުކަން ޔަގީންވުމުން ދެން ޝީރީން ކަންތައްކުރާނީ ކިހިނެއްކަމާމެދު ވިސްނަމުން ކަހަލަ ގޮތަކަށް ޒީވާ ބުނެލިއެވެ.
“އޭނަ…. އޭނަ ކޮންއިރަކު ޒީވާއާ ވާހަކަދެއްކީ، އެހެންވީމާ ތިކަމެއް ހިނގާތާ ލައްކަ ދުވަސްވެއްޖެ ދޯ، މި ޢާއިލާއާ ގުޅުން ބަދަހިކުރަންވެގެންތަ އޭނާ ޒީވާގެ ބައްޕައަށް ވޮލެޓު ގެނެސްދިނީ، ރޭވުމެއްގެ ދަށުން ކުރިމެއް ދޯ އެއީ ވެސް” ގޮނޑީގެ ލެނގޭބައިގައި ހިފަހައްޓާލައިގެން ލަކުޑިގަނޑަށް ބާރުލަމުންދިޔަ ޝީރީން ނުރުހުމުގެ ގޮތަކަށް ބުނެލިއެވެ. ހީވީ މިހާ ދުވަހު އަކްމަލްއާ މެދު ދެކެމުން އައިގޮތް ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭ އެކީ ބަދަލުވެގެންދިޔަހެންނެވެ.
“ނޫން މަންމާ، އެއީ ރޭވުމެއްނޫން، އެކަމަކު އަހަރުމެން ދެމީހުންނަށް އެކަކު އަނެކަކު ފެނުނީ އެދުވަހު، އަކްމަލްއާ އަހަރެން ވާހަކަދެއްކީ ޕާޓީއަކުން ދިމާވެގެން، އެއީ ސިސްއާއެކު އަހަރެން ދިޔަ ވެޑިންނަކުން، އެކަން ސިސްއަށް ވެސް އެނގޭނެ، މަންމާ، ޕްލީޒް، މިއަދާހަމައަށް ވެސް މަންމަމެން އަހަރެންގެ ޚިޔާލާއި އަހަރެންގެ ބޭނުންތަށް އައީ ފުއްދައިދެމުން، އެހެންވީމަ މިއަދު މިކަން ވެސް އަހަންނަށްކޮށްދީ، މަންމަމެން އެދެފިނަމަ އަހަރުމެންގެ ކައިވެނި ލަސްކޮށްފާނަން، އަހަރެންގެ ކިޔެވުން ނިމި ރަނގަޅު ވަޒީފާއެއް ހަމަޖެހި، އަމިއްލައަށް ދިރިއުޅުމެއް ފެށޭވަރު ވަންދެން އަހަރެން މަޑުކުރާނަން، އެހެންވިޔަސް، އަހަރެން ކައިވެނިކުރަން ބޭނުންވާ ހަމައެކަނި މީހަކީ އަކްމަލް، އޭނާ ވެސް ބޭނުންވަނީ އަހަންނާ ކައިވެނިކުރަން…. މަންމާ، ފަހަރެއްގައި ވެސް މަންމަމެން އަތުން އިތުރު ޚަރަދުތަކެއް ކުރާކަށް ނޫން މިއުޅެނީ، ބައްޕަ އާއި މަންމަ އަހަންނަށް ވަރަށް ގިނަ ކަންތައް ކޮށްދީފީމު، ކޮންމެވެސް ދުވަހަކުން އަހަރެން ވެސް މީހަކާ އިނދެ ދިރިއުޅުމެއް ފަށާނެކަން މަންމަމެން ވެސް ޤަބޫލުކުރަމެންނު، ވީއިރު މިހާރު އަހަރެން މީހަކާ އިނުމެކޭ، ފަހުން އިނުމެކޭ ވަކި ތަފާތަކީ ކޮބާ؟ ބައްޕަ އަބަދުވެސް މަންމައަށް އެހީތެރިވެދޭ، އެފަދަ ބައިވެރިއެއް އަކްމަލްއަކީ، އަހަންނަށް އެނގޭ އޭނާ އަހަރެންދެކެ ހަޤީޤީ ލޯބިވާކަން، އަދި އަހަންނާ ގުޅެން ބޭނުންވަނީ ވެސް އަހަރެން ގެއްލިދާނެތީވެގެންކަން، އެކަމަކު އޭނާ އަހަންނަށް އެއްވެސް ކަމަކަށް މަޖުބޫރެއް ނުކުރޭ، މައިންބަފައިންނާ ޚިލާފަށް ކަންކަން ކުރުމަކަށް ބާރެއްނާޅާ، ބައްޕަގެ ރުހުން އޭނާއަށް ވަރަށް މުހިއްމު، މިއަދު އަހަރެން މިހާ ހިތްވަރު ނުކުރިނަމަ، މިވާހަކަތައް މަންމަމެނަށް އަޑުއިވޭނީ އަކްމަލްގެ ދުލުން، އެކަމަކު އޭރުން ވެސް މަންމަމެން ދެރަވާނެކަން އަހަންނަށް އެނގޭ، ޕްލީޒް މަންމާ، އަހަރެން ބޭނުންވަނީ މަންމަމެންގެ ރުހުން، އަހަރެން އަކްމަލް އާއި ކައިވެނިކުރުމުގެ ހުއްދަ ދިނުން” ވާހަކަދައްކަމުން ދައްކަމުން ޒީވާއަށް ގޮނޑީގައި ހިފަހައްޓާލައިގެން ހުރި ޝީރީންގެ އަތުގައި ހިފާލެވުނެވެ. ހީވީ އާދޭސްކުރަމުން މަންމަގެ ދެއަތުގައި ޒީވާ އެލިގެންފާނެހެންނެވެ.
“އަހަރެން މިބުނީނު އަހަންނަކަށް ނޭނގެޔޭ ތިކަމަށް ބުނާނެ އެއްޗެއް، ޒީވާގެ ބައްޕައަށް އެނގޭނީ ތިކަމާ ކަންތައްކުރާނެގޮތެއް” ޝީރީން މިހެންބުނެ ޒީވާއަށް ފުރަގަސްދެމުން ބަދީގޭ މަސައްކަތައިގެން އަވަސްވެގަތެވެ. ހީވީ ޒީވާގެ ވާހަކަތައް އިތުރަށް އަޑުއަހަން ބޭނުންނުވީހެންނެވެ. މަންމަގެ ހަރަކާތްތައް ހުރިގޮތް ފެނިފައި ޒީވާގެ ލޮލުން ކަރުނަ ނިރާލިތަން ފެނުނެވެ. އެހެންނަމަވެސް އޭނާ ރޯކަށް ބޭނުމެއްނުވިއެވެ. އޭނާ ކިތަންމެ ޖެހިލުންވިޔަސް ރޯހާ ފިނޑިއެއްނުވާނަމޭ ހިތުގައިލިއެވެ. ކޮފީތަށި ހިފައިގެން ސިންކުގެ ކައިރިއަށް އައިސް ތަށި ދޮވެލާފައި އޭނާ އެނބުރި އައީ ކޮޓަރިއަށެވެ. އިތުރަށް ކޮފީ ވެސް ބޯހިތްކެނޑުނީއެވެ. އެއްވެސް ކަމެއް ކުރާހިތެއް ދެން ނުވާނެކަމުގައި އޭނާގެ ޟަމީރު ވެސް އެއްބަސްވިއެވެ.
ކަންތައްވީގޮތުން ޒީވާއަށް އަކްމަލް ގާތު އެއްވެސް ވާހަކައެއް ބުނާކަށް ނުކެރުނެވެ. މައިންބަފައިންގެ ފަރާތުން ވަކިގޮތެއް ނިންމާ އޭނާއަށް އަންގަންދެން އަކްމަލްއަށް ޖަވާބެއް ދިނުން ފަސްކޮށްލީކަން ވެސް ނޭނގެއެވެ. މުޅި ދުވަހު ކަހަލަ ގޮތަކަށް ޒީވާ އޮތީ ކޮޓަރީގައެވެ. މެންދުރު ކާންވެސް ނުނިކުތުމުން އިރުއޮއްސެން އުޅެނިކޮށް ގެއަށް އައިސް ވަން ލަމްޔާ އެ ކޮޓަރިއަށް އައީ އޭނާއަށް ވެސް ޒީވާގެ ކައިވެނީގެ ޚަބަރު އިވިފައި އޮވެގެންނެވެ. ޝީރީން ކަންބޮޑުވެފައި އެވާހަކަ ލަމްޔާގެ ގާތުގައި ދެއްކީ، ފަހަރެއްގައި ލަމްޔާގެ ސަބަބުން އޭނާގެ ޒީވާގެ ވިސްނުން ބަދަލުވެދާނޭ ކަމަށް ހީކޮށެވެ. އަނެއްކޮޅުން ޝީރީން ކަންބޮޑުވެފައި ހުރިވަރު ލަމްޔާއަށް އެނގެއެވެ. އޭގެއިތުރުން ޒީވާއަކީ ކިހާ މިނިވަން ޚިޔާލުތަކެއް ގެންގުޅޭ ކުއްޖެއްކަން ވެސް އެނގެއެވެ. އޭނާ ދެކޮޅަށް ވެސް ވިސްނަން އެބަޖެހެއެވެ. އޭނާގެ އެއްބާރުލުން ދޭނީ ކާކަށްކަމެއް ނިންމާކަށް ފަސޭހައެއްނުވާނެއެވެ.
“ޒީވް، ހިނގާ ކާންދާން” ކޮޓަރީގެ ދޮރު ހުޅުވާލައިގެން އެނދުމަތީ އޮތް ޒީވާއަށް ބަލަންހުރެ ލަމްޔާ ބުނެލިއެވެ.
“ކާހިތެއްނެތް” ޒީވާ ފަރުވާކުޑަގޮތަކަށް ބުނެލިއެވެ.
“ކާހިތްނެތީއެއްނޫން، ބަނޑުހައި ނުވަނީއެއްވެސް ނޫން، ޒީވް ހީކުރީތަ ސިސްއަށް އެއްވެސްކަމެއް ނޭނގެޔޭ، ތެދުވެބަލަ” ވާހަކަދައްކަމުން ކޮޓަރީގެތެރެއަށް ވަދެގެން އައި ލަމްޔާ، އެއްފަރާތަކަށް މޫނުއަނބުރާލައިގެން ބަންޑުން އޮތް ޒީވާ ތެދުކުރެވޭތޯ އަތުގައި ހިފާލިއެވެ. އެއާއެކު ޒީވާ މަޑުމަޑުން ތެދުވެ ދެފައިވަށްކޮށްލަމުން އެނދުގައި އިށީނެވެ. އަދި ބޯއަޅައިގެން އޮތް ބާލީސްގެނެސް އުނގަށްލަމުން އޭގައި ބައްދާލައިގެން އިނީ ލަމްޔާއާ ހަތަރުކަޅި ހަމަކުރަން ނުކެރިފައި އިންހެނެވެ.
“ޒީވް، އައި ނިއު އިޓް… ސިސްއަށް ފެނުނޭ އެ ބޮއީ ޒީވްއަށް ބަލާލިގޮތް، އެނގޭ ތިދެމެދުގައި ގުޅުމެއް އުފެދިދާނެކަން، އެކަމަކު މެރީކުރުން، ޒީވް ވެސް ވިސްނާލީމަ އެނގޭނެ ދޯ ކޮންމެކަމަކަށް ވެސް ރަނގަޅު ވަގުތަކާ އެއްޗެހި ބަލަންވާނެކަން، ކިޔަވާނިމި ރަނގަޅަށް ސެޓްލްވަންދެން މަޑުކޮށްލިނަމަ، ތިހާ އަވަސްއަރުވާލަން ބޭނުންވަނީ ކީއްވެތަ؟ ބައްޕަ އަދިވެސް ގެއަށް ނާދެއޭ މަންމަ ބުނި، ޒީވް ތިއޮންނަނީ ކޮޓަރިން ނުނިކުންނަން، އަނެއްކާ މަންމަމެންދެކެ ރުޅި އައިސްގެންތަ؟” ލަމްޔާ މިހެން ބުނުމާއެކު ޒީވާ ކުއްލިއަކަށް ލަމްޔާގެ އަތުގައި ހިފާލިއެވެ.
“ސިސްއަށް ހީވޭތަ އަހަރެން މަންމަމެން ދެކެ ރުޅިއަތުވެދާނެހެން، އެކަމަކު އަހަރެން އަކްމަލްދެކެ ލޯބިވާކަން ވެސް އޮޅުވައެއްނުލެވޭނެ، އޭނާ ބޭނުންވަނީ ކައިވެނިކުރަން، އަހަރެން ވެސް ބޭނުންވަނީ އެގޮތް، މަންމަމެން އަކްމަލްއާ ރުހޭނަމަ އަހަރެން މަޑުކުރަން ވެސް މިހިރީ ތައްޔާރަށް، އެކަމަކު ދެން އިތުރަށް މިގުޅުން ސިއްރުކުރާކަށް ބޭނުމެއްނޫން، މަންމަމެން އަހަރެން ކައިވެނިކުރާވަރު ވެއްޖެޔޭ ބުނަންދެން ވެސް އަހަންނާއި އަކްމަލްގެ ދެމެދުގައި މިއޮތް ގުޅުން ކުރިއަށްދާނެ، ދެރަވަނީ މަންމަ ވެސް ބައްޕަ ވެސް އެއްވެސް އެއްޗެއް ނުބުނީތީ، ރުހެންޏާ ރުހޭކަން ނޫނީ ނުރުހޭކަން ވެސް ބުނިނަމަ، އަކްމަލްއަކީ ގޯސް ކުއްޖެއް ނޫން، އޭނާ ހުރީ ކިޔަވައިގެން، އުޅެނީ ވަޒީފާގައި، ދެން ކޮބާ މައްސަލައަކީ، ކުރިން ވެސް އަހަރެން ކީމެންނު ކިޔަވާހިތެއްނުވެޔޭ، އެކަމަކު ބައްޕައަށްޓަކައި ކޯސް ވެސް މި ނިންމަނީ، އިރާދަކުރެއްވިއްޔާ ރަނގަޅު ވަޒީފާއަކަށް ވެސް ދާނަން” ސިކުނޑި ހާސްވެފައި ހުރިވަރުން ޒީވާ ރޯން ބޭނުންނުވިޔަސް ދެލޮލަށް ޖަމާވި ކަރުނަތައް ކޯތާފަތުންލާފައި އޮހިގަތެވެ. އެތަންފެނި ލަމްޔާއަށް ދުރަކު ނުހުރެވުނެވެ. ކޮއްކޮގެ ގާތަށް އައިސް އެނދުގައި އިށީންނަމުން ޒީވާގެ ބުރަކަށީގައި ފިރުމާލީ އޯގާތެރިކަމާއެކުއެވެ.
“ރޯވަރުކަމެއްނޫނެންނުތީ، ނުކައިނުބޮއެ ތިހެން އޮންނަންޏާ ރަނގަޅަކަށް އެއްވެސްކަމެއް ނުވިސްނޭނެ، ހިނގާބަލަ ކާން، މިއަދު ނަމާދަށް ވެސް ނާރަންތަ؟ ޒީވް ތިވަރަށް ބަދަލުވާކަށް އަދި ނުވެއެންނު، އާދެބަލަ ސިސްއާއެކު، ރީތިކޮށް ދެލޯ ފޮހެލައިގެން ނުކުންނާނީ، އެހެންނޫނީ މަންމަ އިތުރަށް ކަންބޮޑުވާނީ، ފަހަރެއްގައި ޒީވް ހިތަށް ނާރާފަދަ ޖަވާބެއް ވެސް މަންމަގެ ފަރާތުން ލިބިދާނެ، ބައްޕައަކީ ދަރިންގެ ދިރިއުޅުމަށް ފާޑުކިޔާނޭ ބައްޕައެއްނޫން، އެކުއްޖަކު ބޭނުންވާ މީހަކާ އިނުމުގެ ހުއްދަ ބައްޕަ ދޭނެއޭ ސިސްގެ ހިތްބުނަނީ، ގިވް ދެމް ސަމް ޓައިމް” ޒިވާ ގެނެސް ގަޔާ ކައިރިކޮށްލާފައި ދުރުކޮށްލަމުން ލަމްޔާ ބުނެލިއެވެ. އަދި އެނދުން ތެދުވެ އޭނާއާއެކު އަންނާށޭ ބުނާ ގޮތަށް އަތްދިއްކޮށްލިއެވެ. އެއަތުގައި ދެލޯ ފޮހެލަމުން ނޭފަތް އެތެރެއަށް ދަމާލި ޒީވާ ހިފިއެވެ. މަޑުމަޑުން އެނދުން ފައިބައިގެން ލަމްޔާއާއެކު ބަދިގެ ފަރާތަށް އައެވެ.
ފޯނަށް ބަލަހައްޓައިގެން އިން އަކްމަލް އިނީ ވަރަށް ހާސްވެފައިކަން އޭނާގެ މޫނުމަތިން ހާމަވަމުންދިޔައެވެ. އަތުގައި އޮތް ފޯނުގެ އިސްކުރީނާ ނަޒަރުވަކިކޮށްނުލާ އިންއިރު އޭނާ މަސައްކަތްކުރަމުން ދިޔައީ ޒީވާއާ ވާހަކަދެއްކޭނޭ ގޮތެއް ވޭތޯއެވެ. މިހާރު އޭނާއަށް ޒީވާގެ ފޯނަށް ގުޅުނީ ކިތައްފަހަރުކަން ނޭނގެއެވެ. އެހާ ގިނަފަހަރު ގުޅިއްޖެއެވެ. ނަމަވެސް ޒީވާ ފޯނެއް ނުނަގައެވެ. ކުރި އެއްވެސް މެސެޖަކަށް ވެސް ޖަވާބެއް ނުދެއެވެ. ވީގޮތެއް ނޭނގިފައި އިން އަކްމަލްގެ ސިކުނޑިތެރޭ އެކި ޚިޔާލުތައް އެނބުރެން ފެށިއެވެ. ހަދާނެގޮތެއް އޭނާއަކަށް އެއްގޮތަކަށް ވެސް ނުވިސްނެއެވެ. ޒީވާގެ ޚަބަރެއް އެނގޭނީ އެގެއަށް ގޮސްގެނެވެ. އެކަމަކު އެގެއަށް ގޮސްގެން ވެސް ޒީވާ ނުފެނިއްޖެއްޔާ އޭނާ ކޮބާތޯ އަހާކަށް އަކްމަލްއަކަށް ނުކެރޭނެއެވެ. އަހައިފިއްޔާ ވެސް އިތުރު ސުވާލުތަކެއް އޭނާއާ ކުރިމަތިވާނެކަން ޔަގީނެވެ. އޭނާ މަޑުކޮށްގެން މިހިރީ ޒީވާއަށް ފުރުޞަތުދީގެންނެވެ. ހިތަށްވާގޮތް އޭނާއަށް ދެނެގަންނަން ފަސޭހައެއްނުވިއެވެ. ހިތަށް ތަދުވާކަން ގައިމެވެ. ނޭވާ ތާށިވާކަހަލަ ގޮތެއް އިހުސާސްވާހެން ވެސް އޭނާއަށް ހީވެއެވެ. އަނެއްކޮޅުން ރުޅި އަންނަގޮތް ވެސް ވެއެވެ. އެ ރުޅިގަނޑު އަތުގައި އޮތް ފޯނަށް ބާލާލަން ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. އެހެންނަމަވެސް މޭޒުމަތީ ހުރި ފިނިފެންފުޅިން ފެންކޯވަރެއް ބޯލަބޯލާ އަކްމަލް އިނީ، އޭނާގެ ސިކުނޑީގެ ހޫނުކަން ފިނިކުރެވޭތޯ ކަންނޭނގެއެވެ. އެހެން އިންދާ ސުހާނާ އައިސް ގޮވާލީ އެހެންޏާ ގޮވާނުލާ ފަދަ ގޮތަކަށެވެ. އޭނާގެ އަޑުގައި އާންމުކޮށް ހުންނަ ރުންކުރުގޮތް ކެނޑި ރަޙުމަތްތެރި ރާގެއް އެކުލެވިފައި ވިއެވެ.
އަނގައިން ބުނަން ބޭނުންނުވެފައި އިންހެން އަކްމަލް، ސުހާނާއަށް ބަލާނުލާ އިންގޮތަށް އިނެވެ. އެހެން އިންދާ އަނެއްކާ ވެސް ސުހާނާ އޭނާއަށް ގޮވާލާފައި އައިސް ކާމޭޒުކައިރީ ހުއްޓިލިއެވެ.
“އަހަންނާ ވާހަކަނުދައްކަންތަ ތިއިންނަނީ އަޑުއިވޭކަމަށް ވެސް ނަހަދާ، އަހަރެން ޤަބޫލުކުރަން ހާމިޝްއަށް ކަންތައްވީގޮތުން އަހަންނަށް އަކްމަލްދެކެ ވަރަށް ރުޅި އާދެވުނުކަން، އެކަމަކު މިހާރު ވިސްނިއްޖެ ހުރިހާ ކަމެއް، އޭނާއަކީ ކޮންކަހަލަ މީހެއްކަން އަހަންނަށް ވިސްނޭ، އަހަރެންގެ ސަބަބުން ޢާއިލާތެރޭގައި އިތުރަށް ދެން މައްސަލަތަކެއް ޖެހޭކަށް ބޭނުމެއްނޫން، ކުރިން އުޅުނުހެން އެކުވެރިކޮށް އުޅެން ބޭނުންވަނީ” ސުހާނާ އެ ވާހަކަތައް ދެއްކީ މިހާތަނަށް އޭނާ ދުވަހަކު ވެސް ނުކުރާހާ ހިތްވަރުކުރަމުންނެވެ. އޭނާއަށް އެގޮތަށް ވާހަކަދައްކަން އެއްގޮތަކަށް ވެސް ފަސޭހައެއްނޫނެވެ. ސަބަބަކީ ދުލުން ބޭރުވާ ކޮންމެ ޖުމްލައަކީ އެ ޖުމްލައެއްގައި އެއްވެސް ހަޤީޤަތެއް އެކުލެވިފައިނުވާ ޖުމްލަތަކަކަށް ވާތީއެވެ. އެހެންނަމަވެސް އަކްމަލް އާއި އޭނާއާ ދެމެދު އޮތް ގުޅުން ރަނގަޅު ކުރަން އޭނާ ކޮންމެވެސް ސަބަބަކާހުރެ ބޭނުންވަނީއެވެ.
“މިގޭތެރޭގައި ޒުވާބުކުރާއަޑު އިވުމަކީ އަހަރެން ވެސް ބޭނުންވާގޮތެއް ނޫން” އަކްމަލް ހީވަނީ ނުރުހިފައި އިންހެނެވެ.
“މަންމަ ބުނި އަކްމަލް މެރީ ކުރަން އުޅޭ ވާހަކަ، ކޮންގްރާ… އިންނަން އުޅޭ ކުއްޖާއާ ބައްދަލެއްނުކޮށްދޭނަންތަ؟” ސުހާނާ އަހާލިއެވެ. އަކްމަލް، ސުހާނާއަށް ބަލާލީ ޤަބޫލުކުރަން ދަތިވެގެންނެވެ. ކުއްލިއަކަށް ސުހާނާއަށް މިހާ ބޮޑު ބަދަލެއް އަތުވެދާނެބާއޭ ހިތަށް އެރީތީއެވެ. އެހެންވިޔަސް އޭނާ ވެސް ހުރީ ޒީވާ އެގެއަށް ގެންނަން ތައްޔާރުވަމުންދާއިރު އެގޭގައި އުޅެނީ ހަމަޖެހޭ އެކުވެރި ޢާއިލާއެއްކަމުގައި ޒީވާއަށް ފެންނާށެވެ. ފަހަރެއްގައި ސުހާނާއަށް ޒީވާ ކަމުދިޔުމަކީ ވެސް އެކަށީގެންވާކަމެއް ކަމުގައި އަކްމަލްއަށް ވިސްނުނެވެ. އޭނާގެ މަންމައަށް ވެސް ޒީވާ ކަމުގޮސްފި ވިއްޔާއެވެ. އެންމެ އުދަނގޫވާނީ ނަބީހާގެ ހިތް ރުއްސުމެވެ. އެކަން އަކްމަލްއަށް ވުމީ ޢާއިލާގެ ދެންތިބި މީހުންނަށް ވެސް ޒީވާ ކަމުދާނެކަމުގެ ހެއްކެކެވެ.
“ފްރައިޑޭގަ ޒީވް އަންނާނެ، މަންމަ އޮތީ ލަންޗަކަށް އިންވައިޓްކޮށްފައި” ސުހާނައަށް ބަލަން އިނދެ އަކްމަލް ބުނެލިއެވެ.
“އެހެންވީރު އެ ދުވަހު ވާނެ އިންޓްރޮޑިއުސްކޮށްދެން، ދެން އަދި އެއްވާހަކަ އަހާލަންތަ؟، ކިހިނެއްވެފަތަ މިތާ ތިއިންނަނީ؟، ކޮންމެވެސް ކަމަކާ ފޫހިވެފައި އިންހެން ހީވޭ” ސުހާނާގެ އަޑުގައި ހުރި އޮމާންކަމާއި ގާތްކަން އޭނާގެ ސިފަ ވެސް ބަދަލުކޮށްލި ކަހަލައެވެ. މިވަގުތު އޭނާގެ ޢަމަލުތަކާއި ވާހަކަތައް އަޑުއިވޭ މީހަކު ހީކުރާނީ އޭނާއަކީ މީހުންނާ ނުހަނު ގުޅިގެން އުޅޭ މީހަކު ހެންނެވެ.
“ކަމެއްނުވޭ…” ސުހާނާގެ ވާހަކަތައް މާދިގުވާހެން ހީވެ އަކްމަލް އިންތަނުން ތެދުވެ ބަދިގެ ފަރާތުން ނުކުންނަން ހިނގައިގަތެވެ. އިތުރަށް އެއްޗެއް ނުބުނެ ސުހާނާ މަޑުކޮށްލައިގެން ހުރީ ވަރަށް ވިސްނުންތެރިކަމާއެކު އަކްމަލްގެ ހަރަކާތްތަކަށް ބަލާށެވެ. ލޯމަތިން އަކްމަލް ގެއްލުމާއެކު ވަގުތުން ސުހާނާގެ މޫނުމަތި މިލައިގެން ގޮސް ފޫހިކަން ފާޅުވެއްޖެއެވެ. އައިސް އަލަމާރިން ފެންފުޅިއެއް ނަގައިގެން އޭނާ ވެސް ހިނގައިގަތީ ކޮޓަރިއަށް ދިއުމަށެވެ.
ހާމިޝްގެ ރަޙުމަތްތެރިއެއްކަމަށްވާ މައިކަލްއާ ވާހަކަދައްކާފައި އައިފަހުން ސުހާނާ ހުންނަނީ ކޮންމެވެސް ފިކުރެއްގެތެރެއަށް ގެއްލިފައެވެ. އިނގިލަތުގެ ނިޔަފަތިތައް ކެވުމާއި ނިތަށް ޖެހޭ ރޫތަށް ހެކިދެނީ އޭނާ އަބަދުވެސް ކަމަކާ ހާސްވެފައި ހުންނަކަމެވެ. ކަލަންޑަރު ބަލާގޮތުން ވެސް ހީވަނީ ވަކިމަކަށް އޭނާ އިންތިޒާރު ކުރާހެންނެވެ. މިއިން އެއްވެސް ކަމެއްގެ ހިލަމެއް އިތުރު މީހަކަށް ވެދާނޭތީ ވެސް އޭނާ ހުންނަނީ ވަރަށް ހުޝިޔާރުވެއެވެ. އެހެންނަމަވެސް އޭނާގެ އުޅުން ބަދަލުވެއްޖެ ކަހަލައެވެ. ޠަބީޢަތް ބަދަލުވީ ކަންނޭނގެއެވެ. ޢާއިލާގެ މެންބަރުންނާ ވާހަކަދައްކާއިރު ކުރިން ގެންގުޅޭ ރުޅިވެރިކަމާއި ނުރުހުމުގެ ގޮތެއް މިހާރު ނުގެންގުޅެއެވެ. އެ ބަދަލުތަކެއް އައީ ކީއްވެކަން އެނގޭނީ ޚުދު އޭނާއަށެވެ.
ގޭތެރޭގައި މައްސަލައެއް ޖެހިއްޖެކަން ނޭނގެނީ ހަމައެކަނީ ރީމް އާއި ރުވާއަށެވެ. އެ ދެކުދިންގެ އުމުރުގެ ގޮތުން އެކަން އެނގެން ވެސް ނުޖެހެނީއެވެ. ޝީރީންގެ މޫނުމަތިން އަބަދު ފެންނަނީ ކަންބޮޑުވެފައި ހުންނަތަނެވެ. ލަބީބުގެ ވާހަކަދެއްކުން މަދުވެފައި އޭނާ ގެއިން ބޭރުގައި ހޭދަކުރާ ވަގުތު ގިނަވުމުން އެކަމާ ޝީރީންގެ އިތުރުން ލަމްޔާ ވެސް ކަންބޮޑުވެއެވެ. ބައްޕައާ ވާހަކަދައްކަން ލަމްޔާ ހިތަށްއެރި ނަމަވެސް ލަބީބުއަށް ގޮތްނިންމައިދޭން ލަމްޔާއަށް ނޭނގޭނެއޭ ހިތާ އޭނާއަށް އެއްޗެއް ބުނާކަށް ނުކެރެއެވެ. ޝީރީނަކީ އަބަދުވެސް ދަރިންގެ ކަންތައްތަކުގައި ލަބީބުގެ ގާތުން ލަފާ އަހާ މީހެކެވެ. ވީއިރު އޭނާއަށް މިކަމުގައި ޚިޔާލެއް ދިނުން އެއީ ރަނގަޅުކަމަކަށް ނުފެނުނެވެ.
“މަންމާ، އަހަންނަށް ފެންނަނީ މިކަން އެހާ ބޮޑުކޮށްނުލަން، ޒީވްއަކީ މިހާރު ކުޑަކުއްޖެއްނޫން، އޭނާއަށް ވެސް ރަނގަޅުގޮތް އެނގޭނެ، އަނެއްކާ ޒީވް އެބަބުނޭ މަންމަމެން ބޭނުންވާ ގޮތަށޭ މިކަން ކުރިއަށް ގެންދާނީ، އެ ފިރިހެން ކުއްޖާ ކައިވެނި އަވަސްކުރަން ބޭނުންވަނީ ކީއްވެކަން ވެސް ޒީވް ބުންޏެންނު، އެ ވާހަކަތައް އަހަންނަށް ޤަބޫލުކުރެވޭ، އެކަމަކު ދެރައީ މިކަމާ ބައްޕަ ދެކޭނެ ގޮތެއް ނޭނގޭތީ، މަންމަ ރުޅި އައިސްފައި ހުރިކަމަށް ޒީވް އަދިވެސް ހީކޮށްގެން އެ ހުރީ، އަހަންނަށް ފެންނަނީ މަންމަ، ޒީވްއާ ވާހަކަދައްކަން، މިކަމަކާ ހެދި އޭނަ އެ ހުންނަނީ ވަރަށް ދެރަވެފައި، ޒީވް އެކުއްޖާދެކެ ވަރަށް ލޯބިވާކަން އޭނާގެ ވާހަކަތަކުން އެނގޭ” ލަމްޔާގެ ކޮޓަރީގައި އިން ޝީރީނާ ވާހަކަދައްކަމުން ލަމްޔާ ބުންޏެވެ.
“ތި ކުދިންގެ ބައްޕަ އަދިވެސް އެއްޗެއް ނުބުނާތީ ކަންބޮޑުވަނީ، އަހާލަންވެސް ނުކެރިފައި މަންމަ މިހުންނަނީ، ބައެއްފަހަރު މަންމަ ވެސް ހިތަށް އަރާ އެންމެ ރަނގަޅުވާނީ އެ ދެކުދިން ކައިވެނި ކުރުވިއްޔާއޭ، ޒީވްގެ ގޮތް މަންމައަށް ވެސް މިހާރު އެނގޭނެތާ، މަންމަމެން ނުރުހުންވެއްޖެއްޔާ ދެން އެއްވެސް ވާހަކައެއް ނުބުނެވެސް ހުރެދާނެ، އެ ގުޅުން ކެނޑޭނެއެކޭ މަންމަގެ ހިތެއްވެސް ނުބުނޭ، އެހެން އުޅެނިކޮށް ދެރަކަމެއްވެއްޖެއްޔާ ދެން ކިހިނެއް ހަދާނީ، ކިތަންމެ އަހުލާގު ރަނގަޅުވެފައި ކިޔަމަންތެރި ކުއްޖެއްނަމަވެސް ކަތި ފިޔަވަޅެއް އެޅިދާނެ، ގިނަ ފަހަރަށް ކުދިންނަށް އެކަން ވިސްނޭއިރު އޮންނާނީ މާ ލަސްވެފައި، މައިންބަފައިން ވިސްނަންއެބަޖެހޭ އެކަމާ ވެސް، މަންމަ ބޭނުމެއްނޫން ޒީވް އެކަހަލަ ކުއްޖަކަށް ވާކަށް” ޝީރީންގެ ދެލޮލުން ފާޅުވަމުންދިޔަ ކަންބޮޑުވުން އޭނާގެ އަޑުގައި ވެސް އެކުލެވިފައި ހުއްޓެވެ.
“އެހެނެއްނުވާނެ މަންމާ، ޒީވް އެކަހަލަ ކަމެއް ނުކުރާނެ، އަސްލު އޭނަ ވަރަށް ވިސްނާ މަންމަމެންނާމެދު، އެހެންވެކަންނޭނގެ އޭނަ ކުއްޖަކާ ރައްޓެހިވެގެން އުޅޭ ވާހަކަ މަންމަމެން ގާތު ބުނަން ފަސްޖެހުނީ ވެސް، އަޅެ މިރޭ މަންމަ ބަލާބަލަ ބައްޕަ ގެއަށް އައީމަ ތިވާހަކަ ކޮންމެވެސް ސިފައެއްގައި ދެއްކޭތޯ، ދެންދޭ މަންމަ އަރާމުކޮށްލަން، މިހާރު އެއްޗެހިވެސް ހޫނުކޮށް ނިންމާފައެންނު ތިއިނީ އައިސް” ލަމްޔާ އޭނާގެ މަންމަގެ ކޮނޑުގައި އަތްޖައްސާލަމުން ބުނެލިއެވެ. ޝީރީން ދަރިފުޅުގެ ބަސްއަހަގައިން އެކޮޓަރިން ނުކުމެގެން ދިޔައީ އޭނާގެ ހަގު ދެކުދިންގެ ކޮޓަރިއާ ދިމާލަށެވެ. ފުންނޭވާއެއްލަމުން ލަމްޔާ އެނދުމަތީ އުއްޑުން އޮށޯވެލިއެވެ.
“މިހެންތަ އަހަރުމެން ދެން އުޅޭނީ” ދިޔާނާގެ ލުއިލުއި އަޑު ލޯމަރާލައިގެން އޮތް ވާފިރުގެ ކަންފަތުގައި ޖެހުނެވެ. އެހެންނަމަވެސް އޭނާ ދެލޯ ހުޅުވައެއް ނުލިއެވެ. ވަރުބަލިކަމުގެ ސަބަބުން އަވަސް ނޭވާތަކެއް ލަމުންދިޔަ ވާފިރު އޮތީ ނިދާފައި ނޫންކަން ދިޔާނާއަށް ޔަގީންވެއެވެ. އަދި ނިދޭހާ އިރެއް ނުވެސް ވެއެވެ.
“ވާފިރު ކީއްވެތަ އެ ސުވާލަށް ދުވަހަކު ވެސް ޖަވާބެއް ނުދެނީ؟” އިރުކޮޅަކު ވާފިރުގެ މޫނަށް ބަލަހައްޓައިގެން އޮވެފައި ދިޔާނާ އަހާލިއެވެ.
“ތި ސުވާލަށް ދޭނެ ޖަވާބެއް އަދި އަހަންނަށް ނޭނގޭތީ” ދެލޯ ހުޅުވާލުމާއެކު މަތީ ފަންގިފިލާއަށް ނަޒަރު ހުއްޓާލައިގެން އޮވެ ވާފިރު ސަބަބު ބަޔާންކުރިއެވެ.
“މިހާ ދުވަސްވީއިރު ވެސް ވާފިރަށް ނޭނގެންވީ ކީއްވެބާއޭ އަހަރެންގެ ހިތަށްއަރާ، ނޫނީ ހަޤީޤަތަކީ… ވާފިރު އަހަރެންދެކެ ދުވަހަކުވެސް ލޯތްބެއް ނުވާނެއޭ ދޯ، އެހެންވީމާ އަހަންނަކީ ވާފިރުގެ ލޯބިވެރިއަކަށް ވެސް ނުވޭ، ވަގުތީ ހިތްހަމަޖެހުމަކަށް…” ކުއްލިއަކަށް ވާފިރު، ދިޔާނާގެ ތުންފަތުގައި އަތްތިލަ ޖައްސާލަމުން އޭނާގެ ވާހަކަތައް ހުއްޓުވިއެވެ.
“އަހަރެން ބުނަމެންނު ތިޔަކަހަލަ ކަންކަމާ ވިސްނާ ދިޔާނާގެ ބޯ ނުގޮށްވާށޭ، އަހަންނަކީ ކަރުހިއްކުން ނުފިލައިގެން އުޅޭ މާބުރެއްނޫން، އަހަރެންގެ ހިތުގައި ދިޔާނާގެ މައްޗަށް އިހުސާސްތަކެއް ވާތީ މިއަންނަނީ، އެއީ ލޯބިކަމުގައި ދިޔާނާ ހީކުރިޔަސް އަހަންނަށް އެންމެ ރަނގަޅު، އަހަރެން ބޭނުން ދިޔާނާ އުފަލުގައި ހުންނަން” ވާފިރު ލޯބިވެތި ގޮތަކަށް ދިޔާނާގެ ކޯތާފަތުގައި ފިރުމާލިއެވެ. ލޯތްބަކީ ގިނަބައެއްދެކެ ވެވޭ އެއްޗެއްކަމާމެދު ވާފިރަށް ޝައްކެވެ. އޭނާ ނަބީހާ ދޫކޮށްލާކަށް ނުވިސްނައެވެ. ހަމައެގޮތަށް ދިޔާނާއާ އިންނާކަށް ވެސް އަދިއެއް ނުވިސްނައެވެ.
“އަހަންނަށް ހީވަނީ އަހަރެން ވާފިރުދެކެ ލޯބިވާކަން ބުނާކަށް ނުޖެހޭނެހެން، މިހާރު އެކަން އެނގޭހާ ދުވަސްވެއްޖެ ކަންނޭނގެ، އަހަރެން ވާފިރަށްޓަކައި ކޮންމެކަމެއް ވެސް ކުރާނެކަން އަހަރެންގެ ޢަމަލުތައް ހެކިދޭނެކަން ޔަގީން… އަހަރެން ވެސް އުފަލުގައި ހުންނަން ބޭނުން، އުފަލުގައި ހުންނަން މަސައްކަތް ވެސް ކުރަން، އެކަމަކު މިހިތަށް މިވާ ތަދު ވާފިރަށް އިހުސާސްވާނަމަ އެނގޭނީ، ކުރިން ވެސް އެނގޭ ތީ މީހެއްގެ ހައްގެއްކަން، އެކަމަކު ތި ހަޔާތުގައި ބައިވެރިވުމަށް އަހަރެން ބޭނުން، އެ ފުރުޞަތު ލިބޭނޭއިރަކަށް މިހިތް މިވަނީ ކެތްތެރިކަން ކުޑަވެފައި، އަހަރެން ބޭނުމެއްނޫން މިގޮތުގައި މުޅި އުމުރު ދުވަހު ހުންނާކަށް…” ދިޔާނާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވީ އޭނާގެ ވާހަކަތަކުން ވާފިރުގެ ވިސްނުން ބަދަލު ނުކުރެވޭނެކަން އެނގޭތީއެވެ. އެހެންނަމަވެސް ހިތުގައިވާ ބޭގަރާރުކަން ވާފިރުގެ ކުރިމައްޗަށް ހުށަހަޅާލުމުން ވެސް އެހިތަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއް ލިބެއެވެ. އަބަދުވެސް އުންމީދުކުރެވެނީ ވާފިރު އޭނާގެ ގާތުގައި ކައިވެންޏަށް އަހާނެ އިރަކަށެވެ. ދިޔާނާގެ ލޮލަށް ޖަމާވި ކަރުނަތައް ވާފިރަށް ފެނުމުގެ ކުރިން އޭނާ ތެދުވެގެން ފާޚާނާއާ ދިމާލަށް ދިޔައެވެ. އޭރު ކުރުއަތްމައްޗަށް ތެދުވެލައިގެން އޮތް ވާފިރުގެ ނަޒަރު ހުއްޓިފައި ހުރީ ދިޔާނާއަށެވެ. ދިޔާނާ އެ ދިޔައީ ހިތްހަމަނުޖެހިގެންކަން ވާފިރަށް އެނގުނެއްކަމަކު ފަހަތުން ގޮސް ހުއްޓުވާކަށް އޭނާ ނޫޅުނެވެ.
“އަހަރެން ކީއްތަ މިކުރަނީ، ދިޔާނާ ބޭނުންވަނީ އަހަންނާ ގުޅެން، ނަބީހާއަށްވުރެ އެތައް ގޮތަކުން ދިޔާނާ ރަނގަޅު، އަހަރެން ހިތްހަމަޖެހޭ، އެކަމަކު ނަބީހާއާ ވަކިވާކަށް ބޭނުމެއްނޫން، ދެއަނތްބައް ދިޔާނާއާ އިންނަންވީބާ؟ އޭރުން ނަބީހާ… އޭނަ ޔަގީނުން ވެސް ޤަބޫލެއްނުވާނެ، އަނެއްކޮޅުން ކުދިން… އެމީހުން ބުނާނީ ކީކޭ، ދަރިން ކައިވެނި ކުރާ އުމުރަށް އެޅިފައި ތިއްބައި އަހަރެން ތިން ހަތަރު ކައިވެނި ކުރުމުން އެކުދިން އަހަންނާމެދު ދެކޭނީ ކިހިނެއް… ކީއްވެތަ ދިޔާނާއާ ގާތްވުމުގެ ކުރިން މިހެންވެދާނެކަން ނުވިސްނުނީ، ދިޔާނާ ވެސް އެ އެދެނީ ރަނގަޅުކަމަކަށް، އަހަރުމެން ދެމީހުން ކިތަންމެ ބަލައިގެން އުޅުނެއްކަމަކު ޅައެއްޗެއް އެޅިއްޖެއްޔާ ދިޔާނާގެ އަބުރު ވެއްޔާ މޮޑެވިގެންދާނެ، އެތަން ދެކޭކަށް އަހަންނަކަށް ހަނެއްނުހުރެވޭނެ…” ވާފިރު ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން އިންއިރު އޭނާގެ އަމިއްލަ ޟަމީރާ ވާހަކަދެއްކިއެވެ. ކުޑަވަގުތުކޮޅެއްގެ ހިތްހަމަޖެހުމަށްފަހު ހެޔޮ ވިސްނުން ލިބޭއިރަށް ސިކުނޑި ހާސްވެއެވެ. ކުރެވެމުން މިދަނީ ކިހާވަރެއްގެ ކަމެއްކަން ހިތަށްވަދެ ކޮންމެވެސް ގޮތެއް ނިންމަން ބޭނުންވެއެވެ. އެހެންނަމަވެސް ވާފިރުގެ ލޯމަތިން ދިޔާނާ ގެއްލޭއިރަށް އޭނާގެ ހަނދާނުން އެކަން ގެއްލިދެއެވެ.
ފާޚާނާއިން ތާޒާވެލައިގެން ނުކުތް ދިޔާނާ ފެންނަނީ ހަމަޖެހިލާފައި ހުރިތަނެވެ. ލުއި ހިނިތުންވުމަކާއެކު ވާފިރަށް ބަލާލާފައި ރީތިވާ މޭޒު ކައިރީ އޭނާ އިށީނެވެ. މައްޗަށް ނަގާ ދައްޗަކުން ހަރުކޮށްލެވިފައި އޮތް އިސްތަށިގަނޑު ދޫކޮށްލަމުން މަޑުމަޑުން ބުރުހުން އިސްތަށިގަނޑު އޮމާންކުރަން ފެށިއެވެ.
“ތިހެން އިންނަނީތަ؟ ފެންވަރާކަށް ނުވަންނާނަންތަ؟، ބުނީމެންނު ދަރިއަކު މީހަކާ އިންނަން އުޅޭވާހަކަ، ކޮންއިރަކުންތަ މިހާރު އިންނަން ހަމަޖެހިފައި އޮތީ؟ ރަނގަޅު ކުއްޖެއްތަ؟” މީގެ ކުޑައިރުކޮޅެއްކުރިން ފެނުނު ދިޔާނާއާ މިހާރު ވާހަކަދައްކަމުން ދިޔަ ދިޔާނާ ވަރަށް ތަފާތެވެ. ވާފިރަށް ދިޔާނާ ކަމުދަނީ އެހެންވެކަންނޭނގެއެވެ. ރުޅި މޫނު ހަދައިގެން ހުރެ ދިޔާނާ އޭނާއާ ކުރިމަތިނުލާތީއެވެ.
“އާން! އަކްމަލް އުޅެނީ މީހަކާ އިންނަންވެގެން، ވަރަށް ރަނގަޅު ކުއްޖެއްހެން ހީވަނީ، ފެންނަފެނުމަށް ހީވަނީ އުމުރުން ވަރަށް ޅަވާނެހެން، ކުޑަކުޑަކޮށް ހުންނަ މަންޖެއެއް، އަދި އިންނަނީ ކޮންއިރަކުންކަމެއް ނުއެއްބުނޭ، އަންހެންކުއްޖާ ކިޔަވަނީ، އެހެންވެ ކިޔަވާ ނިމުނުހާ އަވަހަކަށް އިންނަވާހަކަ ދައްކާފައި އޮތީ” ވާފިރު ވާހަކަދެއްކިއިރު އޭނާގެ ތުންފަތުގައި ހިތްހަމަޖެހުމުގެ ލުއި ހިނިތުންވުމެއް ދުވެލިތަން ލޯގަނޑުން އޭނާއަށް ބަލަންއިން ދިޔާނާއަށް ފެނުނެވެ.
“އަހަރެން ބޭނުން އަހަރެންގެ ފަރާތުން ޚާއްޞަ ކައިވެނީގެ ހަދިޔާއެއް އެ ކުދިންނަށްދޭން، ކޮންމެގޮތެއްވިޔަސް އެއީ ވާފިރުގެ ކުދިންތާ، އެހެންވީމަ އަހަންނަށް ވެސް ނުލާހިކު ޚާއްޞަވާނެއެންނު، އެކަމަކު ވާފިރު ރުހޭކަމަކަށްވަންޏާ” ދިޔާނާ ފަހަތަށް ގޮނޑި އަނބުރާލަމުން ވާފިރަށް ބަލާލިއެވެ.
“ދިޔާނާ ބޭނުންވަންޏާ އަހަރެންގެ އެއްވެސް އިއުތިރާޒެއްނެތް ތިކަމާ” ވާފިރު ބުނެލިއެވެ.
“ދެން ދޭ ފާޚާނާއަށް، ނުކުންނަން ވާއިރަށް ހޫނު ކޮފީއެއް ތައްޔާރުކޮށްދޭނަން” ހިނިތުންވެލައިގެން އިން ދިޔާނާ ބުނެލިއެވެ. ހީވީ ވާފިރުގެ ޖަވާބުން އޭނާ އެ އިނީ ވަރަށް ހިތްހަމަޖެހިފައި ހެންނެވެ.
މެންދަމު ބާރަޖަހަން އުޅެނިކޮށް ލަބީބު އައިސް ގެއަށް ވަނެވެ. ބޭރު ދޮރޯށި ތަޅުލާފައި އައިގޮތަށް ސިޓިން ރޫމުގެ ދޮރު ވެސް ތަޅުލައިފިއެވެ. ކޮޓަރިއަށް އައިސްވަނީ އެއަށްފަހުއެވެ. އޭރު ވާހަކަ ފޮތެއް ހިފައިގެން ޝީރީން ނުނިދިފައި އޮތެވެ. ލަބީބު ފެނުމާއެކު އޭނާއަށް ތެދުވެވުނެވެ.
“ހާދަ ލަސްވީ، މިރޭ ގެއިން ނުވެސް ކަމެންނު، ކާން ހަދައިދެންތަ؟” އެނދުމައްޗަށް ވާހަކަ ފޮތް ދޫކޮށްލުމާއެކު ޝީރީން އެހިއެވެ.
“ނޫން، ހާޝިރުމެންނާއެކު ގޮސް ކައިގެން މިހިރީ، އަންނާނަން އަތްފައި ދޮވެލައިގެން” ލަބީބު ފާޚާނާއާ ދިމާލަށް ދަމުން ބުނެލިއެވެ. އެއާއެކު ހުއްޓުން އަރާފައި ޝީރީނަށް ހުރެވުނީއެވެ. ލަބީބުގެ ސިކުނޑީގައި ވަނީ ކީކޭކަމެއް ނޭނގޭތީ ޝީރީން ހުންނަނީ ވަރަށް ކަންބޮޑުވެފައެވެ. އިރުކޮޅަކު ހުރި ފިޔަވަޅުމަތީ މަޑުކޮށްލުމަށްފަހު ޝީރީން އައިސް އެނދުގައި އިށީނެވެ.
“ލަބީބު، އަހަންނާ ވާހަކަދައްކަބަލަ” ލަބީބު ފާޚާނާއިން ނުކުމެ ނިދަން ތައްޔާރުވެލައިގެން އައިސް އެނދަށް އެރުމާއެކު ޝީރީން ބުނެލިއެވެ. އަދި ލަބީބުގެ ގައިމަތީ ރަޖާ އަޅައިދީފައި އޭނާ ވެސް އައިސް އެނދަށް އަރައިފިއެވެ.
“އަހަރެންގެ ރުހުމެއް ނުލިބޭނެ މިހާރު ޒީވާ މީހަކާ އިންނާކަށް، އަދިނުވޭ ޒީވާ މީހަކާ ނީނދެވިގެން އުޅޭކަށް، އަކްމަލްއަކީ ކާކުކަމެއް ރަނގަޅަށް އެނގެނީއެއްނޫން، ހައިރާންވެ އަންތަރީސްވެއްޖެ އެ ދެމީހުން ގުޅުނީތީވެ، އަކްމަލްއަކީ ފެންނަ ފެނުމަށް ރަނގަޅު ޒުވާނެއްކަމަކު، އަހަރެން އޭނާއަށް އިތުބާރުކުރަން ފަސްޖެހޭ، މިއީ ކުރީއްސުރެ ރޭވިގެން ކުރެވުނު ކަމެއްބާއޭ ހިތަށްއަރަނީ” ނިތުގައި އެއްއަތް ބާއްވާލައިގެން އޮވެ ލަބީބު ވާހަކަދެއްކިއެވެ.
“އަހަންނަށް ވެސް ފުރަތަމަ ހީވީ ތިހެން، އެކަމަކު ޒީވާއަށް ކުރާ އިތުބާރު ވެސް ނުވާނެ ގެއްލުވާލާކަށް، އޭނަ ދޮގެއް ހަދާނެއެކޭ އަހަރެންގެ ހިތެއް ނުބުނޭ، އަހަރެން ބުނީމެންނު ލަބީބު ގާތު އެކުދިން ދިމާވީ ކިހިނެއްކަން، ކީކޭ ދޯ ބުނާނީ، މިހިރީ ކަންތައްވާގޮތް، އަހަންނަށް ހީވަނީ އެންމެ ރަނގަޅުވާނީ ޒީވާއަށް މިކަން ހުއްޓާލުމަށް މަޖުބޫރުނުކުރުންހެން، ކޮންމެގޮތެއްވިޔަސް މަޖުބޫރުކޮށްގެން މާކައެދެވޭ ނަތީޖާއެއް ނުނިކުންނާނެ، ނަސޭހަތްދީގެން ބަލަންވީ ކައިވެނި ލަސްކުރެވޭތޯ، އަކްމަލް މިގެއަށް ގެންނަންވީ، އޭރުން ކިރިޔާ ވެސް އެނގޭނީ އޭނާގެ ގޮތް، ޢާއިލާއަކީ ކޮބާތޯ އާއި އޭނާ އުޅޭ ގެއަކީ ކޮބާތޯ އަހާ އޮޅުން ފިލުވަންވީ، އޭރުންތާ އެނގޭނީ އެއީ ކޮންގެއަކު ކާކުގެ ދަރިއެއްކަން، ކޮންމެ ކޮންމެ މީހަކާ އަހަރުމެންގެ ޒީވާގެ ކައިވެނި ކުރެވޭކަށް އަހަރެން ވެސް ބޭނުމެއްނޫން، ކައިވެންޏެއްގެ ޒިންމާ އުފުލަން ޒީވް އަދި ވަރަށް ޅަ، ކައިވެނި ލަސްކުރަން ބުނާނީ އެ ދެކުދިން ވެސް މިގެއަށް ގެނެސްފައި، ލަބީބު، އަހަރުމެން ރުޅި އައިސްގެން އުޅޭތީވެ ޒީވާ ހުންނަނީ ވަރަށް ދެރަވެފައި، އަހަރުމެންނަކީ ދަރިންނަށް އެއްވެސް އިރެއްގައި މަޖުބޫރުކޮށްގެން ކަންކަން ކުރުވި ބައެއްނޫން، އެހެންވީމަ އެހާ ހަރުކަށިވާކަށް ނުފެނޭ، ލަބީބު ބޭނުންވާގޮތް ނިކަން އަހަރެން ގާތު ބުނެބަލަ، އޭރުންތާ ޒީވާއާ ވާހަކަދައްކާ ނަސޭހަތެއްދޭން އެނގޭނީ ވެސް” ލަބީބާ ދިމާލަށް އެނބުރިލައިގެން އޮވެ ޝީރީން ބުނެލިއެވެ.
“އަހަރެން މިބުނީނު އަދި ކައިވެންޏެއް ނުކުރެވޭނެއޭ، މިހާރުގެ ކުދިން ހާދަ އަވަހަކާއޭ ބޮޑުވެގެން މިއުޅެނީ، އެހާވަރުން މިގެންގުޅެނީ، ޒީވާ ޖެހޭނީ އެކަން ޤަބޫލުކުރަން، އަކްމަލް ވެސް ޒީވާއާ ކައިވެނި ކުރަން ބޭނުންވަންޏާ އަދި މަޑުކުރަން ޖެހޭނީ، ޝީރީންގެ ޚިޔާލުވެސް ގޯހެއްނޫން، އެކަމަކު އަހަންނަށް ހާދަ އުނދަގޫވާނެއޭ އަކްމަލް އާއި ޒީވާ މިގޭގައި ބައްދަލުކުރަން ހުއްދަ ދޭން” ލަބީބުގެ ހިތުގައިވާ އެއްޗެއް އޭނާ ހާމަކުރިއެވެ.
“އަހަރުމެން ކުދިން މިގެންގުޅެނީ ނުލާހިކު ލޯބިން، އެކަމަކު އެކުދިންގެ އުމުރުގައި ވަކި ހިސާބަކުން އަހަރުމެންގެ ލޯބި ނޫނަސް އިތުރު ލޯތްބަކަށް ބޭނުންވާނެ، އެކަން އަހަރުމެން ދެމީހުންގެ ގުޅުމުން ވެސް އެބައެނގެއެންނު، ލަބީބު އަހަރެންދެކެ ލޯބިވީއިރު އަހަރެންގެ މައިންބަފައިން އުޅުނީ ކިހިނެއް، ހަނދާންވޭތަ؟، މިހާރު ލަބީބު ތިއުޅެނީ އަހަރެންގެ ބައްޕަ އޭރު އުޅުނުހެން، އެހެންވާނެ، މައިންބަފައިންނަށް ދަރިން ބޮޑެތިވެއްޖެކަން ޤަބޫލުކުރުމަކީ ވަރަށް އުނދަގޫކަމެއް، އެހެންވެ ގިނަފަހަރަށް އެކުދިން އަމިއްލައަށް ނިންމުމެއް ނިންމަން ނޭނގެނެއޭ ހިތަށްއަރަނީ…” ޝީރީންގެ ވާހަކަ ޤަބޫލުކުރެވުނަސް ލަބީބު އެވާހަކަތައް އަޑުއަހާކަށް ބޭނުމެއްނުވިއެވެ.
“ޝީރީން، އޭރާއި މިހާރާ ވަރަށް ތަފާތު، ދެން އިތުރަށް މިވާހަކަ ނުދައްކާ ހިނގާ ނިދަން” ނިތުގައި އޮތް އަތް ނަގަމުން ލަބީބު ހަމަޖެހިލިއެވެ.
“ލަބީބު، ހިތްހަމަނުޖެހުނަސް ޒީވާއާ ވާހަކަދައްކާ، އަނެއްކޮޅުން ޒީވާ ނޫނަސް ދެންވެސް މިގޭގައި ތިބީ އަންހެން ދަރިންކަން ހަނދާންނައްތާނުލާ، ރީމް އާއި ރުވާއަށް ވެސް މިގޭތެރޭގައި ކަމެއް ހިނގައިގެން އުޅޭކަން އެނގޭ، އަހަރެން ބޭނުމެއްނޫން އެކުދިންނަށް މިކަން އެނގޭކަށް، ގޭތެރޭގައި ދުވަހަކު ވެސް މައްސަލައެއް ނުޖެހޭ، އެހެންވީމަ މިކަން ވެސް ދިގުލާ ދާކަށް އަހަރެން ބޭނުމެއްނޫން، މާދަމާ އިރާދަކުރެއްވިއްޔާ ޒީވާއާ އަހަރެން ވާހަކަދައްކާނަން، އަދި އިހަށް ކައިވެނި ލަސްކުރަން ވެސް ބުނާނަން، އަންނަ ހުކުރު ދުވަހުގެ ރޭ މިގެއަށް އަކްމަލް ގެންނާށޭ ވެސް ބުނާނަން، މިފަހަރު އަހަރެން ބޭނުން ވަރަށް ރަނގަޅަށް އަކްމަލްއާ ވާހަކަދައްކަން” ޝީރީން މިހެން ބުނެ އެނދުގައި ހަމަޖެހިލިއެވެ. އޭނާ ދެއްކި ވާހަކަތަށް ދެލޯ މަރައިގެން އޮތް ލަބީބަށް އަޑުއިވުނެވެ. އެހެންނަމަވެސް އޭނާ އެއަށް ރައްދެއް ނުދިނެވެ.
“ޕްލީޒް ޒީވް، އަހަންނަށް ތިހެން ނަހަދާ، ނޭނގޭތަ ޒީވްގެ ޚަބަރެއްނުވީމަ އަހަރެން ހާސްވާނެވަރު، އަހަރެން ފޮނުވާ މެސެޖުތައް ބަލާކަން އަހަންނަށް އެނގޭ، ދެން ކީއްވެ އަހަންނަށް ޖަވާބެއް ނުދެނީ، ޒީވް، އަހަރެން ވަރަށް ކަންބޮޑުވެފައި މިހުންނަނީ، ވެގެން އުޅޭ ގޮތެއް ވެސް ބުނީމައެންނު އަހަންނަށް ކަމެއް ކުރެވޭނީ، އަނެއްކާ އަހަރެންދެކެ ހިތްހަމަނުޖެހުނީތަ، ނޫނީ ދެން އަހަންނާ ވާހަކަދައްކަން ބޭނުންނުވަނީތަ؟ ކޮބާތަ މައްސަލައަކީ؟ މިހެން އުޅެން ވެއްޖެނަމަ އަހަރެން މޮޔަވެދާނެ، ކެތްވާނީ ވަކިވަރަކަށް، ޒީވް އަހަރެން ކުށްވެރިނުކުރާތީ ތިގެއަށް ހޯދަން ދިޔައިމަ، އެހެންނޫނީ އަހަންނަށް ޖަވާބެއް ދީ، ބުނެދީބަލަ ކީއްވެކަން އަހަންނާ ވާހަކަނުދައްކަން ތިހުންނަނީ، ކިހާ ވަރަކަށް އަހަރެން މި ގުޅަނީ، ފޯނު ނަގަން ހިތަށް ވެސް ނާރަނީތަ؟ ތިހާ ކެތްގަދަވާނެ ކަމަކަށް އަހަރެން ހިޔެއްނުކުރަން، ޒީވް އަހަރެން ދެކެ ލޯތްބެއް ނުވޭދޯ… އެހެންވިޔަސް ބުނީމައެންނު އެނގޭނީ، ނުބުނެ ފިނޑިން އުޅޭގޮތަށް ކީއްކުރަންތަ އުޅެނީ” ދަތްކުނޑިވިކާލައިގެން އިނދެ މެސެޖު ލިޔެ ވައިބަރ ކޮށްލިއެވެ. އަދި ކެތްތެރިކަން ކުޑަވެފައި އިންހެން އެއްފައި ތަޅުވާލަ ތަޅުވާލަ އެނދުގައި އިނީ ފޯނަށް ޖަވާބެއް އައިސްދާނެ ކަމުގެ އުންމީދުގައެވެ. އެގޮތުގައި ގަޑިއެއްހާއިރު ވޭތިވެގެން ދިޔައިރު ވެސް އަކްމަލް ބޭނުންވިކަމެއް ނުވިއެވެ. އެންމެފަހުން ބާލީސްނަގައި އޭގައި ބައްދާލަމުން ބަންޑުން އެނދުގައި އޮށޯވެއްޖެއެވެ. އޭރު ވެސް ނަޒަރު ހުއްޓިފައި ހުރީ ފޯނަށެވެ. ވަރުބަލިކަމުގެ ތެރެއިން ދެލޮލުގެ އެސްފިޔަތައް ބަރުވަމުން ދިޔައިރުވެސް އަކްމަލް ފޯނުގެ ވައިބަރ ސްކްރީނަށް ބަލަހައްޓައިގެން އޮތީ ޒީވާގެ ފަރާތުން ޖަވާބެއް ލިބިދާނެކަމަށް ހީކޮށެވެ. އެހެންއޮއްވާ އޭނާއަށް ނިދިޖެހުނީ ނުވެސް އެނގިއެވެ.
ކުއްލިއަކަށް ސިހިފައި އަކްމަލްއަށް ހޭލެވުނީ އަތުގެތެރޭން ދޫވެފައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. ނިދިބަރުކަން އެކުލެވިފައިވި އެސްފިޔަތައް ދެތިންފަހަރު ތަޅުވާލަމުން އަނދިރީގައި ފޯނުގެ ސްކްރީނަށް ބަލަން އޭނާ މަސައްކަތްކުރިއެވެ. ކުޑަކޮށްގެން ބަލަމުން ދިޔަ ދެލޯ ބޮޑުވެގެން ދިޔައީ އޭނާއަށް ގުޅަނީ ޒީވާކަން އެނގުމުންނެވެ. ވަގުތުން ނިދިފިލާ ދިޔަކަހަލައެވެ. އޮށޯވެގެން އޮވެފައި ކުއްލިއަކަށް ތެދުވެ އިށީނދެއްޖެއެވެ. އަދި އަވަސް އަވަހަށް ފޯނު ގެނެސް ކަންފަތުގައި ޖަހާލިއެވެ.
“ލޯބިވެޔޭ ބުނަނީ މަޖަލަކަށް ކަމައްތަ އަކްމަލް ހީކުރަނީ، އެއީ އެހާ ފަސޭހައިން ހަނދާންނައްތާ ލެވޭނެ އެއްޗެއްތަ، ބައެއްފަހަރު ލޯބީގައި ހިމޭންކަން ވެސް ޚިޔާރުކުރަންޖެހޭ، އެއީ ކޮންމެހެން އޭނާގެ ހިތުގައި ލޯބިނުވާތީއެއްނޫން، އެކަމަކު އަނެކާގެ ހިތުގައި ނުޖެއްސުމަށްޓަކައި ކުރިމަތިވާ މަޖުބޫރީއެއް…” އެއްނޭވާއިން އެތައް ވާހަކައެއް ޒީވާ ބުނެލިއިރު އޭނާގެ އަޑުގައި ހުރި ރިހުން ވަގުތުން އަކްމަލްއަށް ދެނެގަނެވުނެވެ.
“ޒީވް، ރޮނީތަ؟” ޒީވާގެ ވާހަކަ މެދުކަޑާލުމާއެކު އަކްމަލް އަހާލިއެވެ.
“ނުރޮން” ކުރެހިފައިވާ އަޑަކުން ވަގުތުން ޒީވާ ޖަވާބު ދިނެވެ. އެއާއެކު ޒީވާ ރޮނީކަން އަކްމަލްއަށް ޔަގީންވިއެވެ. އިހުނަށްވުރެ އަކްމަލް ކަންބޮޑުވިއެވެ.
“އަހަންނަށް އެނގެޔޭ ޒީވް ރޮނީކަން، އިހަށް ފޯނު ބާއްވާ، އަހަރެން މިގުޅަނީ” އަކްމަލް މިހެންބުނެ ފޯނުކޯލު މެދުކަނޑާލިއެވެ. އަދި އަވަސް އަވަހަށް ޒީވާގެ ނަންބަރަށް ގުޅާލިއެވެ.
“ހެލޯ، ޒީވް، ކީއްވެ ރޮނީ، ގޭގައި ކަމެއް ހިނގީތަ، ބުނެބަލަ، އެހެންވެތަ އަހަރެން ގުޅީމަ ފޯނު ނުނަގަނީ” އެއްފަހަރާ އެތައް ސުވާލެއް އަކްމަލް ކުރިއެވެ.
“އަހަރެން އަކްމަލްދެކެ ލޯބިނުވާކަމަށް ހީކުރީ ކީއްވެ” ޒީވާ ވެސް ކުރީ ސުވާލެކެވެ.
“ސޮރީ ޒީވް، އެއީ އެއްގޮތަކަށް ވެސް ހަމަހޭގައި ހުރެ ބުނެވުނު އެއްޗެއް ނޫން، ސަތޭކައަށްވުރެ ގިނަ ފަހަރު މީހަކަށް ގުޅޭއިރު ހަމަހޭގައި ހުންނާނީ ކިހިނެއް، އަހަރެން ހިތް ބިރުގަތްވަރު ޒީވްއަށް އެނގުނުނަމަ… ދެން ބުނެބަލަ، ކީއްވެތަ އެގޮތަށް ކަންތައްކުރީ، ބައްޕައަށް ކަމެއް އެނގުނީތަ” އަކްމަލް ބުނެލިއެވެ.
“އެނގުނީއެއްނޫން، އަހަރެން ކިޔައިދިނީ… އަކްމަލް އާއި އަހަންނާ ދެމެދު އޮތް ގުޅުމުގެ ވާހަކަ މަންމަ އާއި ބައްޕަ ގާތު އަހަރެން ބުނީސުރެން އެމީހުން ތިބީ އަހަރެންދެކެ ރުޅި އައިސްފައި، އެމީހުން ހީކުރަނީ އަކްމަލް މިގެއަށް ބައްޕަގެ ވޮލެޓު ހިފައިގެން އައުން އެއީ ވެސް ރޭވުމެއްކަމަށް، ޢާއިލާގެ ރުހުން ހޯދަން ވެގެން އަކްމަލް ކުރިކަމެއްކަމަށް… މަންމަ ވެސް ވާހަކައެއް ނުދައްކާ… ބައްޕަ މިހާރު އަހަރެން ފެންނަކަމަށް ވެސް ނަހަދާ…” ގޮތްހުސްވެގެން ގޮސް ސިކުނޑި ހާސްވެފައި އިން ޒީވާގެ ބަޑިފަޅައިގެންދިޔައެވެ.
“ޒީވް ޕްލީޒް، ނުރޮއެ… އަހަރެން ޒީވްގެ ބައްޕައާ ވާހަކަދައްކާނަން، ޔަގީންކޮށްދޭނަން އެއީ އަހަރެން ރާވައިގެންކުރިކަމެއް ނޫންކަން، ޕްލީޒް، ޒީވް ތިހެން ރޯއަޑުއަހާކަށް އަހަންނަށް ކެތެއްނުވާނެ، ހަމަމިހާރު މިދަނީ ތިގެއަށް، ހެޔޮ ފާރުމަތިން ފުންމާލަން ޖެހުނަސް، ތިގެއަށް ވަދެ ޒީވްގެ ގާތަށް ދާން އަހަރެން ބޭނުން” އަކްމަލް މިހެން ބުނުމާއެކު ޒީވާ އެކަމަށް މަނާކުރިއެވެ.
“ބައްޕަ އެހާ ހިތްހަމަނުޖެހިފައި ހުއްޓާ އަކްމަލް ތިކަހަލަކަމެއް ކުރީމާ ދެންވާނީ ކިހިނެއް، އޭރުން އަދި އަމުދުން އެމީހުންގެ އިތުބާރު އަކްމަލްގެ މައްޗަށް ދުވަހަކު ވެސް ނުލިބޭނެ، ސޯ ޕްލީޒް ސްޓޮޕް އިޓް” ޒީވާ ރުއިން ހުއްޓާލަމުން ބުނެލިއެވެ. އޭނާ ވެސް މިވަގުތު ބޭނުންވަނީ އަކްމަލްގެ ދެއަތުގެ ހިމާޔަތުގެ ދަށަށް އަންނާށެވެ. އެހެންނަމަވެސް ވަގުތާއި ހާލަތު އެ ދެމެދަށް ހުރަސް އަޅައެވެ. ކެތްތެރިވުން ނޫންގޮތެއް ނެތެވެ. އެހެންވެ ރޯލާފައި ހިތްހަމަޖައްސާލަނީއެވެ.
“ޒީވް، ދެން ކިހިނެއް ހަދާނީ، ހުކުރު ދުވަހު މިގެއަށް އަންނާނަމޭ ވެސް ބުނީމެންނު، އެންމެން ވެސް ތިބީ ޒީވްއާ ބައްދަލުކުރާހިތުން، ޚާއްޞަކޮށް ބައްޕަ، ނޫނީ އަދި އެބައޮތް ގޮތެއް، އަހަރެން ބައްޕަ ގާތު ބުނެފާނަން ޒީވްގެ ބައްޕައާ ވާހަކަދައްކާށޭ، ދެ ބައްޕައިން ވާހަކަދައްކަނިކޮށް ފަހަރެއްގައި ރަނގަޅުގޮތެއްވެދާނެ” އަކްމަލް ޚިޔާލެއްދިނެވެ.
“ބައްޕަ ނޭނގެ އަހަރެންދައްކާ ވާހަކަ އަޑުއަހާނެކަމެއް ވެސް، ހާދަ ވަރަކަށް މަންމަ ގާތު ވެސް އާދޭސްކޮށްފީމޭ، ކޮންމެގޮތެއްވިޔަސް ހެޔޮ، އަހަރެން އަކްމަލްއާ ދުރެއްނުވާނަން، ހުކުރު ދުވަހު ތިގެއަށް ވެސް ދާނަން، މިގުޅުމަށް އެއްވެސް ބަދަލެއް ނާންނާނެ، އަހަންނާއި އަކްމަލް ދުރުކުރަން ބޭނުންވާނަމަ ބައްޕަމެން ޖެހޭނީ އަހަރެން ގޭގައި ބަންދުކުރަން، އޭރުންވެސް އަހަރެންގެ ހިތެއް ބަދަލެއް ނުކުރެވޭނެ، އަކްމަލްއަށް އެނގޭތަ، އަހަރެން މަންމަ ގާތު ބުނިން ބައްޕަގެ ރުހުން ލިބިއްޖެނަމަ އަހަރުމެން ކައިވެނި ލަސްކޮށްފާނަމޭ، އޭރުން ބައްޕަ ރުހޭ ދުވަހަކުންނޭ ކައިވެނި ހަމަޖައްސާނީ، އެވަރުން ވެސް ޤަބޫލެއްނުވި، ދެން އަހަންނަކަށް ނޭނގެ ހަދާނެގޮތެއް، އަހަރެން ބޭނުންނުވީ މި ވާހަކަތައް އިވިގެން އަކްމަލް މާޔޫސްވާން” ޒީވާގެ އަޑުގައި ހުރި ނުތަނަވަސްކަން އަކްމަލްއަށް އިޙްސާސްވެއެވެ.
(ނުނިމޭ)