THIYAEE MAGEY MITHURAA EY [EP: 02]

“މިބުނެވުނީ ޒީވާ ހިތްހަމަނުޖެހޭ ފަދަ އެއްޗެއްނަމަ، އެއީ ނުބުނާ ވާހަކައެއް، އެހެންނަމަ ވަރަށް ބޮޑަށް ސޮރީ” ޒީވާއަށް ވީގޮތް ފެނިފައި އަކްމަލް ބުނެލިއެވެ.

“އިޓްސް އޯކޭ، ފޯނުން ވާހަކަދައްކާލުމަކީ އެހާވަރު ކަމެއް ނޫންތާ” ހަޤީޤަތް ފޮރުވަމުން ޒީވާ ބުންޏެވެ. އޭނާ ބުނަން ބޭނުންނުވީ މީގެ ކުރިން ދުވަހަކު ވެސް ފިރިހެން ކުއްޖަކާ ފޯނުން ވާހަކަދައްކައިފައި ނުވާކަމެވެ. އަދި އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއްގެ ދެމެދުގައި ދައްކަން އޮންނާނީ ކޮންކަހަލަ ވާހަކަތަކެއްކަން އެއްގޮތަކަށް ވެސް ޒީވާގެ ސިކުނޑިއަށް ނުވިސްނޭކަމެވެ. އޭގެ އިތުރުން ފޯނުން ވާހަކަދެއްކުމަކީ ޒީވާއަށް އެހާ ފަސޭހަކަމެއް ވެސް ނޫނެވެ. ގޭގައި އޭނާގެ ކޮއްކޮމެން އަބަދުހެން އުޅޭނީ ޒީވާ ފެންނަ ހިސާބުގައެވެ. ޒީވާ ފޯނުގައި ހުންނަތަން ފެނިއްޖެނަމަ އެންމެ ފުރަތަމަ ވެސް ސުވާލުކުރާނެ ބަޔަކީ އެމީހުންނެވެ. އެކަން މަންމަމެންނާ ހަމައަށް ގެންދާނީ ވެސް އެމީހުންނެވެ. އަމިއްލައަށް ތިމާ ބޮޑުވެއްޖެކަމުގައި ހީކުރެވުނަސް ޒީވާގެ މައިންބަފައިންނަށް އޭނާ އަދި ބޮޑެއް ނުވެއެވެ. ބޭނުންވާފަދަ މިނިވަންކަމެއް އެއްގޮތަކަށް ވެސް ނެތެވެ.

“ތޭންކްސް، ނަންބަރު ކިޔާލަ ދީފާނަން” ފަޓުލޫނު ޖީބުން ނެގި ފޯނު ހުޅުވާލަމުން އަކްމަލް ބުނެލިއެވެ. އެއާއެކު ޒީވާ އޭނާއާ ގުޅޭނޭ ނަންބަރު ކިޔައިދިނެވެ. އޭރު އަކްމަލް އެނަންބަރު ފޯނުގައި ރައްކާކުރަމުން ދިޔައެވެ.

ލަމްޔާ މޭޒުކައިރިން ތެދުވެ ފަހަތަށް އެނބުރިލިވަގުތު އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ޒީވާގެ ގާތުގައި އެމޭޒުދޮށުގައި އިން ޒުވާން ފިރިހެން ކުއްޖާއެވެ. ޒީވާގެ ނަޒަރު ހުއްޓިފައި ހުރީ އެފިރިހެން ކުއްޖާގެ އަތުގައި އޮތް ފޯނަށެވެ. ދެމީހުން ވަރަށް ޝައުގުވެރިކަމާއެކު ފޯނުން ކޮންމެވެސް އެއްޗެއް ބަލަނީކަން ލަމްޔާއަށް ޔަޤީންވިއެވެ. އަދި އެދެމީހުން ތިބި ގޮތުން ހީވަނީ ރަޙުމަތްތެރިންހެންވެ. ސިއްރުން ކަހަލަ ގޮތަކަށް ފިޔަވަޅު އަޅަމުން އައިސް މޭޒު ދޮށުގައި ހުއްޓިލަމުން ލަމްޔާގެ އަތް އަނގަޔާ ކައިރިކޮށްލާފައި ތަންކޮޅެއް ބާރަށް ކަރުކެހިލިއެވެ. އެއާއެކު އަކްމަލްއާ ދިމާލަށް ބޯއަރިކޮށްލައިގެން އިން ޒީވާ އަވަސް އަވަހަށް ދުރަށް ޖެހިލިއެވެ.

“ދަނީ…” ލަމްޔާފެނި ކުއްލިއަކަށް ތެދުވި އަކްމަލް ޒީވާއަށް ހިނިތުންވެލާފައި އޭނާގެ ރައްޓެހިންގެ ގާތަށް ދިއުމަށް ހިނގައިގަތެވެ.

“އެއީ ކޮންކުއްޖެއްތަ، ޒީވްގެ ފްރެންޑެއްތަ؟” އަކްމަލް ތަންކޮޅެއް ދުރަށް ދިއުމުން ލަމްޔާ އަހާލިއެވެ. އޭނާގެ އަޑުގައި ހުރީ ރަޙުމަތްތެރިގޮތެއް ނަމަވެސް ޒީވާ އިނީ ލަމްޔާ އެހެން އެހީތީ ކަންބޮޑުވެފައެވެ.

“އެއީ… އެއީ ބައްޕަގެ ވޮލެޓް ހިފައިގެން ކުރިން ދުވަހު ގެއަށް އައި ކުއްޖާ، ސިސް ގާތު ބުނީމެންނު” ޒީވާ ބުނެލިއެވެ.

“އޯހް! އެއީތަ އެދުވަހު ސްމާޓްވެގެން އުޅުނު ކުއްޖަކީ، ޒީވް ބުނީ ތެދެއް، ލުކް ވަރަށް ސަޅި، އެކަމަކު ސިފައަކުން އެކައްޗެއްވެސް ނޭނގޭނެ” ފޮރުވިފައިވާ މެސެޖެއްއެކުލެވޭ ގޮތަށް ލަމްޔާ ބުނެލިއެވެ. ބޭނުމަކަށްވީ ޒީވާއަށް ރަނގަޅު ގޮތް ވިސްނައިދިނުމެވެ.

“ސިސްއަށް ވެސް އެނގޭނެ އަހަރެންގެ ކޯހަށް ދައްކަން ހުރި ފައިސާތަކާއެކުކަން ބައްޕަގެ ވޮލެޓުގެއްލުނީ، އަކްމަލްއަކީ ރަނގަޅު މީހެއްވީމަ އެންނު އެދުވަހު އެހުރިހައި ފައިސާއާއެކީ ވޮލެޓު ގެނެސް ބައްޕައާ ހަވާލުކުރީ، އަނެއްކާ ބައްޕަވެސް އެހެންބުނި، ހީޒް އަ އޮނަސްޓް ގައި” ޒީވާއަށް އަކްމަލް ދިފާއުކުރެވުނީ ބޭއިޙްތިޔާރުގައެވެ.

“އަކްމަލްތަ ކިޔަނީ” ލަމްޔާ އިތުރަށް ހައިރާންވީ ޒީވާގެ ދުލުން އެޒުވާނާގެ ނަން އަޑުއިވުމުންނެވެ.

“އަކްމަލް ކިޔަނީ، އަހަރެން މިތަނުގައި އިންދާ ފެނިގެން އޭނަ އައީ، ދެން އޭނަ ވާހަކަދެއްކީމަ އަނގައިން ނުބުނެ އިނުމަކީ ކިހާ ހަތުރުކަމެއް، އެހެން ކަންތައްކުރިނަމަ އޭނާ ހިތަށްއަރާނެ އަހަންނަކީ ހާދަ ފޮނި ބޮޑާ އަންހެންކުއްޖެކޭ” ޒީވާ މިހެން ބުނުމުން ލަމްޔާ ކުޑަކޮށް ހީނލިއެވެ.

“އޯކޭ، އޯކޭ، ޑްރާމާ ކުއީނަކަށް ނުވިޔަސް އެންމެ ރަނގަޅޭ، ސިސް ނުބުނަމެންނު އޭނާއާ ވާހަކަނުދައްކާށޭ، މިކަހަލަ ތަނަކުން ދިމާވީމަ އަނގައިން ނުބުނެއެއް ވެސް ނުވާނެ، ދެން ހިނގާ ގެއަށް ދަމާ” ލަމްޔާ މާބޮޑުކަމަކަށް ނަހަދާ ބުނެލިއެވެ.

ޕާޓީއިން ނުކުމެގެން އައިސް ޕާކިން ޒޯންގައި ހުރި ސައިކަލު ނެރެ އެއަށް ލަމްޔާ އެރިއެވެ. އޭނާގެ ފަހަތުގައި އެއްއަރިއަކަށް ޒީވާއިނެވެ. ލާފައި ހުރި ދިގު ހެދުމުގެ ސަބަބުން ކުޑަކޮށް އުނދަގޫވެފައި އިން ކަހަލަ ގޮތަކަށެވެ.

“ސިސް، އަހަންނަށް ވެސް ސްކޫޓީ ދުއްވަން ދަސްކޮށްދޭންވީނު” ލަމްޔާ ސައިކަލު ދުއްވަމުން ދަނިކޮށް ޒީވާ ބުނެލިއެވެ.

“ޒީވްއަށް ކެރޭނެތަ ދަސްކުރަން” ލަމްޔާ އަހާލިއެވެ.

“އާން! ކީއްވެ ނުކުރެންވީ، އެހެންނޫނަސް މިހާރު ވަރަށް ފޫހިވޭ ކުލާހަށް އެކަނިދާން، ސިސް މާދަން އޮފްވެއްޖެއްޔާ އަހަރެން ކްލާހަށް ގެންގޮސްދޭންވީނު، އެގަޑީގަ ބައްޕަ ވެސް ގެއަކު ނޫޅޭ، މަންމަ ވެސް ރީމް އާއި ރުވާ ކޮއްކޮ ގޮވައިގެން ޓިއުޝަނަށް ދާނެ” ޒީވާ ކަމަކާ ކަންބޮޑުވެ އެކަން ސިއްރުކުރަން މަސައްކަތް ކުރިއެވެ.

“ޒީވް ކަންނެތްވަނީ ދޯ” ލަމްޔާއަށް ޒީވާ ކަމަކާ ކަންބޮޑުވާކަމެއް ނޭނގެއެވެ. ސައިކަލު ދުއްވަން އިންއިރު ޒީވާގެ މޫނުމަތިން ފެންނަމުން ދިޔަ މާޔޫސްކަން ލަމްޔާއަކަށް ނުފެނެއެވެ. އެހެންވެ ކޮއްކޮ ކަމަކާ ކަންބޮޑުވިޔަސް އެކަން އެނގޭނީ ކިހިނެއްހެއްޔެވެ. ޒީވާ ވެސް އިތުރަށް އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއްނުވިއެވެ. ކުރިން މަގުގައި އެކަނި ހިނގަން ޖެހިލުން ނުވިޔަސް މިހާރު އޭނާ ޖެހިލުންވެއެވެ. ހުރިހާ ވާހަކައެއް ޢާއިލާއަށް ކިޔައިދޭން ބޭނުމަސް އެމީހުން ކަންބޮޑުވެ ހާސްވެދާނޭތީ އެކަން ކުރަން ޒީވާއަށް ނުކުރުނީއެވެ. ގޭތެރޭގައި ކުރަން ހުންނަ ކަންކަން ދޫކޮށްލާފައި އެމީހުންނަށް ހަމައެކަނި ޒީވާއަށް ސަމާލުކަން ދީގެން ނޫޅެވޭނެކަން ވެސް އެނގޭތީއެވެ.

އުއްޑުން އޮށޯވެލައިގެން އޮތް އަކްމަލް ނިދަން ބޭނުންވިޔަސް އޭނާގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. އޭގެ ބަދަލުގައި އަތުގައި އޮތް ފޯނަށް އިރު އިރުކޮޅާ ބަލާލަނީ ސްކްރީނުން ފެންނަމުން ދާ ޒީވާގެ ނަންބަރަށެވެ. ދެން ގަޑިއަށެވެ. ހިތް އެދެނީ ޒީވާއާ ވާހަކަދައްކާލަން އޭނާއަށް ގުޅުމަށެވެ. ނަމަވެސް ސިކުނޑި ބުނަނީ މިހާރު ޒީވާ އޮންނާނީ ނިދާފައި ކަމުގައެވެ. އެހެންވިޔަސް މާގިނައިރަކު އަކްމަލްއަކަށް ހިމޭނަކުން ނޯވެވުނެވެ. އޭނާ މެސެޖެއް ލިޔެލާފައި ފޮނުވާލައިފިއެވެ. އެއާއެކު މިނެޓެއް ވެސް ނުވެއެވެ. މެސެޖުގެ ޖަވާބު ލިބުނެވެ. ދެން އަނެއްކާ ވެސް އަކްމަލް މެސެޖު ފޮނުވާލީ މިގަޑީގައި ގުޅާލިޔަސް އެންމެ ރަނގަޅުތޯ ލިޔެލާފައެވެ. އެމެސެޖަށް ޖަވާބެއް ލިބުނީ ތަންކޮޅެއް ލަހުންނެވެ.

“މިރެއަކު ނޫން ދޯ، ވަރަށް ވަރުބަލިވެފައި މިއޮތީ، އެހެންފަހަރަކުން ވާހަކަދައްކާލާނީ، ގުޑްނައިޓް” ޒީވާ ފޮނުވި މެސެޖު ކިޔާލާފައި އަކްމަލް ވިސްނާލިއެވެ.

“އަހަރެން މީ ކޮންކަހަލަ މީހެއް، ޒީވާ ހިތަށް އަރާނީ ކީކޭ، މިގަޑީގައި ގުޅީމަ އޭނާއަށް އުނދަގޫވެދާނެކަން އެނގިހުރެ މެސެޖު މިކުރަނީ، ރަނގަޅުތާ މަސެޖަށް ރިޕްލައި ކުރިކަން ވެސް، އެންމެ ރަނގަޅުވާނީ މިރޭ ދެން ނިދާލިއްޔާ، ޒީވާ ބުނިހެން ފަހުން އޭނާއާ ވާހަކަދައްކާލެވިދާނެ، ޔަޤީނުން ވެސް އޭނާ އަހަންނާ ވާހަކަދައްކާނެ” އަކްމަލް ހިތްހަމަޖައްސާލިއެވެ. އަދި އެންމެ ފަހު މެސެޖެއްގެ ގޮތުން ރީތި ގުޑްނައިޓް މެސެޖެއް ޒީވާއަށް ފޮނުވާލިއެވެ.

* * * *

ފަތިސް ނަމާދަށް ޒީވާއަށް ހޭލެވުނީ ޝީރީން އައިސް ގޮވީމައެވެ. ދެން ވެސް ނަމާދުކޮށްލައިގެން އައިސް އެނދުގައި އޭނާ އޮށޯތީއެވެ. ރޭ މާލަހުން ނިދުމުގެ ސަބަބުން ޒީވާ ހުރީ އިތުރަށް ނިދަން ބޭނުންވެފައެވެ. ޝީރީން މަސައްކަތައިގެން އުޅެންފެށި ތަނާ އާދައިގެ މަތިން ލަމްޔާ އައިސް ބަދިގެއަށް ވަނެވެ. ޒީވާ ފެންނަން ނެތުމުން އޭނާ ކޮބާތޯ ލަމްޔާ ސުވާލުކުރިއެވެ.

“މާ ނިދިގަދަވެފައި ހުރި ދުވަހެއް، ނަމާދުން ފޭބިގޮތަށް އެބައޮތް އެނދަށް އަރާ ނިދާފައި، ރޭގަ ދަރިފުޅުމެން އައީ ވަރަށް ލަހުންތަ؟” ޝީރީނަށް ލަމްޔާމެން އައިގަޑިއެއް ނޭނގޭތީ އަހާލެވުނެވެ.

ލަމްޔާމެން ގެއަށް އައި ކިހާއިރަކުކަން ޝީރީން ގާތު ބުނިއިރު އޭނާ އަކްމަލްއާ ދިމާވި ވާހަކަވެސް ޝީރީން ގާތު ބުންޏެވެ. ޒީވާ އާއި ދެމީހުން ވާހަކަދައްކަން ތިބިކަން ބުނުން ލަމްޔާއަށް އެހާ މުހިންމު ނުވި ނަމަވެސް ފެނުނުކަން ބުނެލަން ބޭނުންވީއެވެ. އެއާއެކު ޝީރީންގެ ދުލުން ވެސް އިވިގެން ދިޔައީ ޒީވާ ވެސް އަކްމަލްއާ މެދު ބުނިފަދަ ބަސްތަކެކެވެ. އޭނާއަކީ ރަނގަޅު ޒުވާނެއްކަމެވެ.

މާ ހެނދުނަކާ އަކްމަލް ތެދުވެގެން އުޅޭ ދުވެހެކެވެ. އޭނާ ބަދިގެއަށް އައިސް ވަންއިރު އެތަނުގައި އަދީލާއި ސުހާނާ ސައިބޯން ތިއްބެވެ. އޭނަ އެތަނަށް ވަނީ އެކަން އެނގިގެނެއް ނޫނެވެ. ނަމަވެސް ސުހާނާއަށް އަކްމަލް ފެނުމުން ހީވީ އޭނާގެ ލޮލުން އަލިފާންކަނި ބުރައިގެން ދިޔަހެނެވެ.

“މިހާ ހެދުނާ މިސުންޕާގެ މޫނުފެނުނީމަ މުޅި ދުވަސް ދެން ހަރާބުވީ” ސުހާނާ މިހެން ބުނީ މަޑެއްކޮށްވެސް ނޫނެވެ. އެއާއެކު އަދީލު، ސުހާނާއަށް ގޮވާލިއެވެ.

“އަދީލްބެ އެއްޗެއް ބުނާކަށް ނުޖެހޭނެ، އޭނަ އެކުރި ކަންތަކަށް ދުވަހަކު ވެސް މާފެއް ނުކުރާނަން” ސުހާނާ ދެލޯ އަޅާލަމުން ބުންޏެވެ. އަކްމަލް އެއިން އެއްވެސް އަޑެއް އިވޭކަމަށް ނުހެދިއެވެ. އޭނާ އަމިއްލައަށް ކޮފީތަށްޓެއް ގިރާލައިގެން ބަދިގެން ނުކުތީއެވެ. އެކަމާ ވެސް އިތުރަށް ސުހާނާ ރުޅިގަދަވިއެވެ.

“ހާމިޝްއަކީ ރަނގަޅު މީހެއް ވެސް ނޫނެންނު ސުހާނާ ތިހާވަރުން އޭނާއާހެދި އުޅޭކަށް، އަހަންނަށް ހީވަނީ އަކްމަލް ކަންތައްއެކުރީ ރަނގަޅައްހެން” އަދީލު މިހެން ބުނުމާއެކު ސުހާނާ ފުންމައިގެން ތެދުވިއެވެ. ކާންއިން ތަށި މޭޒުމަތީ ހުރިގޮތަށް ބަހައްޓާފައި އަތްދޮވެލައިގެން ބަދިގޭން އޭނާ ވެސް ނުކުތީއެވެ. އެތަން ބަލަން އިން އަދީލު ދެފަރަތަށް ބޯހޫރާލިއެވެ. އެވަގުތު އެމަންޒަރު އެތަނަށް ވަން ނަބީހާއަށް ފެނުނެވެ.

“މިހާރު ކިހިނެއްވީ” ނަބީހާ މިހެން ބުނީ އަދީލާ ދިމާލަށެވެ.

“މަންމަ ހައްދާ ގޮތުންނޭ އެހެން އެވަނީ، ބަލަ ސުހާނާއަށް ނޭނގެނީތަ ހާމިޝްއަކީ ރަނގަޅު މީހެއްނޫންކަން، އޭނާ ކޮންރުޅިއެއް އަކޫދެކެ އަންނާކަށް، މިހާރު ދެން ހާމިޝްމަތިން ހަނދާންނައްތާލާފައި ރަނގަޅު ކުއްޖަކު ހޯދަންވީނު، މަންމަ ވެސް ސުހާނާއަށް އެކަން ވިސްނައިދީބަލަ” އަދީލު ހިތްހަމަނުޖެހިފައި ބުންޏެވެ.

“އެމީހަކު ގުޅޭނެ މީހަކު އެނގޭނީ އެމީހަކަށް، އަދީލު އަންހެން ކުދިންނާއެކު އުޅޭތަން މަންމައަށް ނުފެންނަނީއެއް ނޫނޭ، އެހެންވިޔަސް މިހާރު ކަލޭމެން ތިތިބީ ބޮޑެތިވެފައި، ކުރަންވީކަންކަމާ ނުކުރަންވީ ކަންކަން ކަލޭމެނަށް އެނގޭނެ، މިހާރު ނުޖެހޭނެ އިނގީލީ ކުރީގައި ލައިގެން ކަލޭމެން ގޮވައިގެން މަގުދައްކަމުން ހިނގާކަށް، ސުހާނާ ވެސް އެހެން އެއުޅެނީ ކަންއޮތްގޮތް ނޭނގޭތީއެއްނޫން، މީހުންނާ އިނދެގެން މިގޭތެރޭގައި ނޫޅެވޭނެނަމަ އެމީހަކު ވަކިވެގެން ދާންވީ، އަހަރެންގެ އެއްވެސް މައްސަލައެއްނެތް” ނަބީހާ މިހެން ބުނުމުން އަދީލު އިތުރަށް އެއްވެސް އެއްޗެއް ނުބުންޏެވެ. އަވަސް އަރުވާލާފައި ސައިބޮއެގެން އެތަނުން އޭނާ ވެސް ނުކުތީއެވެ.

ދުވަސް ކުރިއަށް ދިޔައިރު އަކްމަލް އާއި ޒީވާގެ މެދުގައި ތަފާތު މެސެޖުތަކެއް ބަދަލުކުރެވިގެން ދިޔައެވެ. މާގިނައިރު ގުޅައިގެން ތިބޭނޭހާ ލާރި ފޯނުގައި ނެތްނަމަވެސް އަކްމަލްގެ ފޯނުގައި ހިލޭ ބަދަލުކުރޭވޭ މެސެޖުތައް އޮތީ ފުނިޖެހިފައެވެ. އެހެންވެ އެމެސެޖުތަކުގެ ބޭނުން އޭނަ ހިފިއެވެ. އަކްމަލްގެ މެސެޖުތައް ކިޔަމުން ދިޔަ ޒީވާގެ ތުންފަތުން ހިނިތުންވުން ފިލައިގެން ނުދެއެވެ. އެހެން ދުވަސްދުވަހާ ހިލާފަށް މިއަދު ޒީވާ ހުރީ ވަރަށް ހަމަޖެހިފައެވެ. ރީމް އައި ރުވާ އޭނަގެ އެއްޗެހީގައި އަތްލުމަކުން ރުޅިގަދަވެގެންނެއް ނޫޅެއެވެ. ހީވަނީ އެހެން ދުނިއެއްގައި އޭނާ އުޅެމުންދާހެނެވެ. އެނދުގައި އޮށޯވެލައިގެން އޮވެ އެކިއެކި ޚިޔާލުތައް ކުރުން ނޫންކަމެއް ޒީވާއަށް ނުވެއެވެ.

“ޒީވާ، މިއަދު ކުލާހަށް ނުދާ ދުވަހެއްތަ، ދަރިފުޅު ބަލީތަ، އަބަދު އެނދުގައި އޮންނަތަން މަންމައަށް ފެންނަނީ، ނިކަން ވާގޮތެއް ބުނެބަލަ” ކޮޓަރިއަށް ވަދެގެން އައި ޝީރީން ބުންޏެވެ.

ޝީރީން ފެނި ވަގުތުން ޒީވާ އޭނާގެ ފޯނު ބާލީސް ދަށަށް ލިއެވެ. އަދި ތެދުވެ އެނދުގައި އިށީނެވެ.

“އަހަރެން ބައްޔެއްނޫނޭ، އެކަމަކު މަންމާ، އަހަރެން ކުލާހަށް އެކަނިދާހިތެއް މިހާރަކު ނުވޭ، ގަޑި ބަދަލުކުރަން ބޭނުންވަނީ، އެކަމަކު އެކޯސް ހިންގަނީ ހަމައެކަނި ހަވީރު” ޒީވާގެ ހިތުގައިވާ އިޙްސާސްތައް ފޮރުވަމުން އެހެން މައްސަލައެއް ފެންމަތި ކުރަން މަސައްކަތްކުރިއެވެ. މީހަކު އޭނާއަށް ގޯނާކުރަން މަސައްކަތް ކުރާކަމުގައި މަންމަ ގާތު ބުނަން ބޭނުންވިއެވެ.

“ޒީވާ، ކީކޭތަ ތިކިޔަނީ، އަނެއްކާ ކޯސް ނަހަދާ ދޫކޮށްލަން ބޭނުންވަނީތަ، އަދިވެސް ވަޒީފާއަށް ދިއުމުގެ ޚިޔާލު ބޮލަށް ސަވާރުވިގޮތަށް އެކަމުން ސަލާމަތްނުވެގެން ދޯ ތިހުރިހާ ބަހަނާއެއް ތިދައްކަނީ” ޝީރީނަށް ވިސްނުނީ ޒީވާ ބުނެދޭން އުޅުނު ގޮތާ ދިމާ އިދިކޮޅަށެވެ.

“އެހެންވެއެއްނޫނޭ މަންމާ، ދެން އޯކޭ، މިތައްޔާރުވަނީއޭ” ފޫހިވެފައި ހުރެވެސް ޒީވާ އެނދުން ފައިބައިގެން ރީތިވާން ފެށިއެވެ.

“ހޫން! ތައްޔާރުވޭ، މިއަދު އަހަރެން ދާނަން ޒީވާ ގެންގޮސްލާން” ޝީރީން މިހެންބުނުމާއެކު އެކޮޓަރިން ނުކުމެއްޖެއެވެ.

“އޯ ގޯޑް، …ތެންކިޔު ގޯޑް، ނަސީބެންނު މަންމަ ހިތްހަމަނުޖެހިފައި ހުރެވެސް ދާނަމޭ ބުނިކަން” ރީތިވަމުން ދިޔަ ޒީވާއަށް ބުނެލެވުނެވެ. ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް އެކަމުން ވެސް އޭނާއަށް ލިބިގެންދިޔައެވެ.

ތައްޔާރުވެލައިގެން ސިޓިން ރޫމަށް ޒީވާ ނުކުތްއިރު އެތަނުގައި ރީމް އާއި ރުވާ ވެސް ނަލަހެދިލައިގެން ތިއްބެވެ. އެކުދިންނަށް ޒީވާ ފެނުމާއެކު އަނގައިގާވާ ހުރިހާ ދަތެއްފެނިގެން ދިޔައެވެ. ޒީވާ ތުންފަތަށް ގޮތެއް ހަދާލާފައި ސިޓިންރޫމު ދޮރު ކައިރިއަށް އައެވެ. އެވަގުތު ޝީރީންގެ އަޑު ފަހަތުން އިވުނެވެ.

“ހިނގާދާން، ރީމް، ތި ބޫޓަށް އަރާބަލަ، ރޫވާ، އާދޭ މަންމަގެ އަތުގައި ހިފަން” އަވަސް އަރުވާލާފައި އުޅުނު ޝީރީން ބުންޏެވެ. މަންމަ އާއި ކޮއްކޮމެން ނުކުންނަށް ދޮރޯށި ހުޅުވާލައިގެން ޒީވާ މަޑުކޮށްލިއެވެ. އަދި އެންމެން ނުކުތުމުން ޝީރީންގެ އަތުގައި އޮތް ތަޅުދަނޑިން ދޮރޯށި ތަޅުލާފައި އެމީހުންނާއިއެކު ޒީވާ ހިނގައިގަތެވެ.

މާދުރުން ފެށިގެން މަގުގެ އެކި ފަރާތްފަރާތަށް ނަޒަރު ހިންގަމުން އައި ޒީވާއަށް ދުރުގައި ސައިކަލު މަތީ މަޑުކޮށްލައިގެން އިން ޒުވާނާ ފެނުނެވެ. އެއާއެކު އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އަދި އަވަސް އަވަހަށް މަންމައާ ގާތުން ހިނގަންފެށުމާއެކު ކޮންމެވެސް ވާހަކައެއް ފެށޭތޯ އުޅުނެވެ.

ސައިކަލު މަތީ އިން އަދީލަށް މިމަންޒަރު ފެނުމާއެކު ބަލަން އިނދެވުނީއެވެ. ފާޑަކަށް ރުޅިގަދަވެފައި އިން ފަދަ ގޮތަކަށެވެ. އެހެންނަމަވެސް އޭނާ ސައިކަލުގައި މަޑުމަޑުން ޒީވާގެ ފަހަތުން އައެވެ. ބޭނުންވީ އެހާ ފަސޭހައިން އޭނާ ޒީވާގެ ފަހަތުން ނުނެއްޓޭނޭކަން އަންގާށެވެ. ކޮލެޖުގެ ތެރެއަށް ޒީވާ ވަދެގެން ދިޔައިރު ވެސް އަދީލު އެތާ ބޭރުގައި މަޑުކޮށްލައިގެން އިނެވެ. އަދި ޝީރީންމެން އެނބުރި ދިއުމުން އަދީލު ސައިކަލު ޕާކުކޮށްލާފައި އައިސް ސައިރިކްސް ކޮލެޖު ތެރެއަށް ވަނެވެ. ރިސެޕްޝަން ކައުންޓަރުގައި ތިބި ދެކުދިންނަށް ހިނިތުންވެލަމުން އެތަނުން ހިންގާ ކޯސްތައް އޮޅުން ފިލުވަންފެށިއެވެ. އެއާއެކު އެތަނުގައި ތިބި ދެކުދިންގެ ތެރެއިން ކުއްޖަކު ލީފްލެޓެއް އަދީލަށް ދިއްކޮށްލައިފިއެވެ. އެކުދިންގެ ތުންފަތުގައިވި ހިނިތުންވުމުން އެމީހުން އެތިބީ އަދީލަށް ޝައުގުވެރިވެފައިކަން އޭނާއަށް އެނގުނެވެ. އެހެންވެ ކުރިއަށްވުރެވެސް ކައުންޓަރާ ކައިރިވެލާފައި ސަމާސާގެ ދެތިން ބަހެއް އެކުދިންނާ ބަދަލުކޮށްލިއެވެ. ލަދުރަކި ހިނިތުންވުމަކުން އެއަންހެން ކުދިން ޖަވާބު ދިނުމުން އަދީލު ދެން އެދުނީ އޭނާ އެތަނަށް ވަން ހަޤީޤީ ބޭނުމަށެވެ. އެއީ ހަވީރު ވަގުތު އެތަނުގައި ހިންގާ ކޯސްތަތަކީ ކޮބައިތޯ އާއި ހަވީރު އަންނަ ކުދިން ނިމޭނީ ކިހާއިރަކުތޯއެވެ.

“ޓޫ އަވަރސްގެ ގަޑިތަކެއް ނަގާނީ، މެންދުރުފަހުގެ ކުލާސްތައް ފެށޭނީ ހަތަރެއްޖަހާއިރު، ލީފްލެޓްގައި ހުންނާނެ ހުރިހާ މަޢުލޫމާތެއް، އިތުރު މަޢުލޫމާތެއް ހޯދަން ފަހުން ބޭނުންވިޔަސް ގުޅޭނެ ނަންބަރު ވެސް އޮންނާނެ” ލީފްލެޓް ދިއްކޮށްލި ކުއްޖާ އަދީލަށް ޖަވާބު ދިނެވެ.

“ނަންބަރު އޮތިއްޔާ ގިނަގިނައިން ގުޅާނަން، ދެން ދަނީ، ތެންކިޔު ފޯ ޔޯ ހެލްޕް” މިހެން ބުނެ އަދީލު އެއްލޯ މަރާލާފައި ސައިރިކްސް ކޮލެޖު ތެރެއިން ނުކުތެވެ.

“އަހަރެންގެ ކިބައިން ސަލާމަތްވެވޭނެކަމަށްތަ ހީކުރީ، މިފަހަރު ހުއްޓައެއްނުލާނަން ތިއަންހެންކުއްޖާ އަހަރެންދެކެ ލޯބިވެޔޭ ނުބުނަނިސް” އަތުގައި އޮތް އަވިއައިނު އަޅާލަމުން ސައިރިކްސް ކޮލެޖުން ނުކުން އަދީލު މަޑުމަޑުން މިހެން ބުނެލިއިރު އޭނާގެ ތުންފަތްމަތީ ދުވެލީ މަކަރުވެރި ހިނިތުންވުމެކެވެ. އަދި އަތުކުރީގައި އޮތް ގަޑިއަށް ބަލާލައިފައި ސައިކަލަށް އަރާ ނައްޓާލީ ގެއާ ދިމާލަށް ދިއުމަށެވެ.

އަލަމާރިތެރޭ ހުރި ވަކިލާރިދަޅު ނަގައިގެން އައިސް އެނދުގައި އިށީން އަކްމަލް ދަޅުގެ މައްޗަށާއި ފުލަށް ބަލަމުންދިޔައެވެ. ފޯނަށް އެޅި ދިހަ ރުފިޔާ ހުސްވަނީއެވެ. އެހާ އަވަހަށް އަދީލު ގާތު ފޯނަށް ރުފިޔާއަޅައިދޭން ބުނާކަށް އަކްމަލްއަށް ނުކެރޭނޭތީވެ އޭނާ އެއްކޮށްފައި ހުރި ވަކިލާރި ދަޅު ނެގީ އޭގައި ހުރިވަރެއް ބެލުމަށެވެ. އަކްމަލް ބަލާބަލާ ވެސް އެދަޅު ހުޅުވޭނޭ ގޮތެއް ނެތެވެ. އެތެރޭގައި ހުރި އެއްޗެއް ނަގާނަމަ ޖެހޭނީ ދަޅު ހަލާކުކޮށްލާށެވެ. އޭނާ އެދަޅަށް ފައިސާ އަޅަންފެށީ އެހާ އަވަހަށް އޭގެ ބޭނުން ޖެހިދާނެކަމަކަށް ނޫނެވެ. އެހެންވެ ދަޅުގައި ހުޅުވޭނޭގޮތެއް އޮތްތޯ ބެލުން މުހިއްމުކަމަކަށް އޭރު ނުވީއެވެ.

“ވަޒީފާ އެއޮތީ ހަމަޖެހިފައި، މިކަހަލަ ދަޅެއް ދެން ވެސް ގަނެވިދާނެ، މިވަގުތު ރުފިޔާ ވަރަށް މުހިންމު” ދަޅަށް ބަލަހައްޓައިގެން އިން އަކްމަލްގެ ހިތަށް އެރިއެވެ. އޭނާ އެނދުންތެދުވެ އެދަޅު ހަލާކުކޮށްލެވޭނޭ ފަދަ ހަތިޔާރެއް ގޭތެރެއިން ލިބޭތޯ ހޯދަންފެށިއެވެ. ގިނައިރެއްނުވެ ވާފިރު ގޭތެރޭގައި ކުދިކުދި މަސައްކަތްކުރަން ގެންގުޅޭ ދަގަޑުފޮށީތެރެއިން ދުނިކީސް ތިލައެއް ފެނުމުން އެހިފައިގެން އަކްމަލް އައީ ކޮޓަރިއަށެވެ. އަދި ދަޅު ކީހާލުމާއެކު އޭގައި ހުރި ރުފިޔާތައް އެނދުމައްޗަށް އޮއްސާލިއެވެ.

“ނަސީބެންނު މީތި ހުޅުވުނުކަން” އެނދުމަތީ ފެންނަން ހުރީ ހަމައެކަނި ވަކިލާރިއެއްނޫނެވެ. ކަރުދާސް ރުފިޔާ ވެސް ފަންސާހުންނާއި، ވިހިރުފިޔާއިން އެޅިފައި ހުއްޓެވެ. އަވަސް އަވަހަށް އަކްމަލް ލާރިތައް ގުނަންފެށިއެވެ.

“ފަނަރަސްތޭކަ ރުފިޔާ އޮވެދާނެކަމަކަށް ހީވެސްނުކުރަން” ރުފިޔާތައް ގުނާ ނިންމާލެވުނު އަކްމަލްގެ މޫނުމަތިން ފެނިގެން ދިޔައީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި އިންކަމުގެ ކުލަވަރެވެ. ވޮލެޓަށް ކަރުދާސްރުފިޔާތައް އަޅާލުމާއެކު ވަކިލާރިތައް ކޮތަޅަކަށް އަޅާލައިގެން އަކްމަލް ހިނގައިގަތީ ކޮޓަރިން ނުކުންނާށެވެ. އޭނާ ބޭނުންވީ ހުރިހާ ވަކިލާރިއެއް ކަރުދާސް ރުފިޔާއަށް ބަދަލުކުރާށެވެ. ވިސްނަމުންދިޔައީ ފޯނަށް ރުފިޔާ އަޅާފައި އަވަހަށް ޒީވާއަށް މެސެޖެއް ފޮނުވާލުމާ މެދުއެވެ.

ޒީވާ ފޮނުވި މެސެޖު ކިޔާލުމާއެކު ލަމްޔާ ގަޑިއަށް ބަލާލިއެވެ. އަދި ވިސްނާލަން އިރުކޮޅަކު އިނުމަށްފަހު އެމެސެޖަށް ޖަވާބެއް ދިނެވެ. އެމިރެޓްސް މާލެ އޮފީހުގައި ލަމްޔާ މަސައްކަތް ކުރާތާ ދެއަހަރުވަނީއެވެ. އޭނާއަކީ ހީވާގި މުވައްޒަފެކެވެ. ވެރިންގެ ލޮލުގައި އަޅައިގަންނަނީ ވެސް އެހެންވެއެވެ. ސުޕަރވައިޒަރެއްގެ މަޤާމު ލަމްޔާއަށް ލިބުނީ ވަރަށް ފަހުންކަމަށް ވިޔަސް ލަމްޔާ ވިސްނަނީ ކެބިންކްރޫއަކަށް ވުމަށެވެ. އޭނާއަކީ އެވަޒީފާއަށް ޤާބިލު އަންހެން ކުއްޖެއްކަމުގައި ޚުދު އޭނާ ވެސް ދެކެއެވެ. ލިބިފައިވާ ރީތިކަން އިތުރަށް ފުރިހަމަކޮށްދޭ ކަމަކަށް އޭނާގެ ދިގު އިސްކޮޅު ވެއެވެ. ފުރާވަރަށް އެޅީއްސުރެން މިއަދާ ހަމައަށް ވެސް ލަމްޔާ އެންމެ ބޮޑަށް ބަލަނީ އޭނާގެ ހަށިގަނޑަށެވެ. އަބަދުވެސް ރީތިކޮށް ހުންނަން އޭނާ މަސައްކަތްކުރެއެވެ. އެހެންނަމަވެސް އޭނާގެ ހަޔާތަށް މިވީހާތަނަށް އެއްވެސް ބައިވެރިއަކު ގެނެސްފައެއްނެތެވެ. އެފަދަ ފިރިހެނުން ނެތީއެއްނޫނެވެ. ފުރުޞަތުތައް ނުލިބެނީއެއްވެސް ނޫނެވެ. ލަމްޔާ ބޭނުންވަނީ އޭނާ ހާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިއާ ހަމައަށް ނުދެވެނީސް ހަޔާތަށް ބައިވެރިއަކު ނުގެންނާށެވެ. ދިރިއުޅުމެއް ފެށުމަކީ އެންމެ ފަހުގެ ކަންތައްކަމުގައި ލަމްޔާ ދެކެއެވެ.

“ޝައުފާ، ހަނާ، އަޅުގަނޑު ދެން ދަނީ، މިހާރު އެންޓަރތިކުރާ ޑާޓާތައް ނިމުނީމަ އެންމެ ރަނގަޅު ދިޔަޔަސް، ބާކީބައި މާދަން ޑިއުޓީއަށް އައިސް ނިންމާލާނީ، ދަމުން އޮފީސް ތަޅުލާފައި ދަޅުދަނޑު ހަވާލުކޮށްފަ ދައްޗޭ” އަތްދަބަސް ހިފާލައިގެން ދާން ނުކުތް ލަމްޔާ ކައުންޓަރު ކައިރީ ތިބި ދެސްޓާފުންނަށް ބުނެލިއެވެ.

ސައިކަލުގައި އައިސް ސައިރިކްސް ކޮލެޖު ކައިރިއަށް ލަމްޔާ މަޑުކޮށްލުމާއެކު އެތަނުން މަގަށް ނުކުންނަމުންދިޔަ ކުދިންނަށް ބަލަންފެށިއެވެ. އިރުކޮޅަކު މަޑުކޮށްލައިގެން އިނުމަށްފަހު ތަންކޮޅެއް ކުދިން މަދުވެލީމާ ވެސް ޒީވާ ނުފެނުމުން އޭނާގެ ފޯނަށް ގުޅިއެވެ. އެއާއެކު ގިނައިރެއްނުވެ ޒީވާ ނުކުމެ ދެކޮޅު ހޯދާލިތަން ފެނި ލަމްޔާ އަތްހޫރާލިއެވެ. އެވަގުތު ޒީވާއަށް ފެނުނީ ހަމައެކަނި ލަމްޔާއެއް ނޫނެވެ. އޭނާގެ ފަހަތުން އަޅައިގެނެގެން އުޅޭ ޒުވާނާ ވެސް ސައިކަލުމަތީ މަޑުކޮށްލައިގެން ހެވިފައި އިނެވެ. ފޫހިވުމުގެ އިތުރުން ހާސްވެފައި ހުރެ ޒީވާ ދުވެލާފައި މަގުހުރަސްކޮށްލުމާއެކު ލަމްޔާގެ ސައިކަލު ކައިރިއަށް އައެވެ.

“ހާދަ ލަހުން ތިނިކުތީ” ލަމްޔާގެ ސައިކަލު ފަހަތަށް ޒީވާ އެރުމުން ބުނެލިއެވެ.

“ސިސް އައިސްފައި ގުޅަންދެން މަޑުކޮށްލެވުނީ، ޒީވް އެހާ ލައިކެއްނުވޭ މަގުމަތީގައި މަޑުކޮށްގެން ހުންނާކަށް” އޭނާގެ ފަސްފަހަތުން އުޅޭ ޒުވާނާއަށް ސިއްރުން ބަލަމުން ކަހަލަ ގޮތަކަށް ޒީވާ ބުނެލިއެވެ. ލަމްޔާ ވެސް އެއްޗެއް ބުނެލުމާއެކު ސައިކަލު ދުއްވާލިއެވެ. އޭނާއަށް ނޭނގުނެއްކަމަކު ޒީވާ ކަންބޮޑުވެފައި އިރުއިރުކޮޅާ ފަހަތަށް ބަލާލަނީ އެމީހުންގެ ސައިކަލު ފަހަތުން މީހަކު ފާރަލަމުން އަންނަކަށް ޒީވާއަށް އެނގޭތީއެވެ. އެހެންނަމަވެސް އެވާހަކަ ލަމްޔާ ގާތު ބުނާކަށް ޒީވާއަކަށް ނުކެރުނެވެ.

“ކިހާ ބޮޑުކަމެއް މިމީހާއާ ހެދި، ފަހަތުން އަޅައިގަތްގޮތަށް ނެއްޓޭކަށް ވެސް ނޭނގުނޭ، އެކްސިޑެންޓް ވާނަމަ، އޭރުން ރަނގަޅަށް ފަހަތުން އާދެވިފައި ހުންނާނީ، އެމޫނު ފެންނައިރަށް ވެސް ހިތަށް އަރާ ޖަހާފާނަމޭ” އަމިއްލަ މީހާއަށް އަޑުއިވޭވަރަށް ޒިވާ ކުދިކިޔަމުން ދިޔައެވެ.

“އެއްޗެކޭ އެބަކިޔަންތަ” ލަމްޔާއަށް ހީއެއްވެގެން އަހާލެވުނެވެ.

“ސިސް، އަޅެ އަހަންނަށް ސައިކަލު ދުއްވަން ދަސްކޮށްދީބަލަ، އޭރުން އަހަރެން ދާނަން ހެނދުނު ސިސް އޮފީހަށް ލައިދޭން، ނިމުނީމަ ބަލާވެސް، އަހަރުމެން ދެމީހުންނަށް ސައިކަލު ޝެއަރކުރެވޭނެއެންނު، އޭރުން އަހަރެން ދާން ބޭނުންވާ ތަނަކަށް އެކަނި ހިނގާފައި ދިއުމަށްވުރެ ފަސޭހަވާނެއެންނު” އެކަނި ހިނގާފައި ދާން ބޭނުންނުވާތީ ޒީވާ ޚިޔާލެއް ހުށަހެޅިއެވެ.

“ކުއްލިއަކަށް ޒީވް ސައިކަލު ދުއްވާ ހިތަކުން ތިއުޅެނީ ކީއްވެތަ؟ ގައިމު ކުރިން ބުނި އަމިއްލައަށް ސައިކަލެއް ގަނެވުނީމައޭ ދުއްވަން ދަސްކުރާނީ” ކުޑަކޮށް ހީނލާފައި ލަމްޔާ ބުނެލިއެވެ.

“އެއީ ކުރިއެންނު، ޚިޔާލަކީ ބަދަލުވާ އެއްޗެއް، ސޯ ސިސް ބުނެބަލަ، އަހަންނަށް ދަސްކޮށްދޭނަންތަ؟” ޒީވާ ބުންޏެވެ.

“މަންމައާ ވާހަކަދައްކާފައި އެނގޭނީ ތިކަމަށް އެއްޗެއް ބުނަން، ސިސްއަށް އޯކޭ މިސައިކަލު ޒީވް ދުއްވިޔަސް، އެކަމަކު ލައިސެންސް ލިބުނީމަ ސައިކަލު ދެވޭނީ” ލަމްޔާ އިރުކޮޅަކު ވިސްނާލަން އިނދެފައި ބުނެލިއެވެ.

ގޭދޮށުގައި ސައިކަލު ޕާކުކޮށްލާފައި ލަމްޔާ އާއި ޒީވާ ގެއަށް ވަނުމަށް ދިޔަތަން ދުރުގައި މަޑުކޮށްލައިގެން އިން އަދީލަށް ފެނުނެވެ. އޭނާ ސައިކަލު ދުއްވާލާފައި އައިސް ޒީވާމެން ވަން ގޭގެ ދޮރުމައްޗަށް މަޑުކޮށްލީ އެމީހުން އެތެރެއަށް ވަންކަން ޔަޤީންވީމައެވެ. ގޭގެ ދޮރޯށީގެ މަތީގައި ހަރުކޮށްފައި ހުރި ނަންބޯޑަށް އަދީލު ބަލާލިއެވެ. އުންމީދުކުރިގޮތަށް ކަންތައް ނުވުމުން އޭނާ ސައިކަލު ދުއްވާލީއެވެ. އެހެންނަމަވެސް އޭނާގެ ވިސްނުން އެކިގޮތްގޮތަށް ހިންގަން ފެށީ ޒީވާ އާއި ބައްދަލުކުރާނޭ ގޮތެއް ފަހިކުރަން ބޭނުންވެ ހުރެއެވެ.

ވާފިރު ގެއަށް އައިރު ސުހާނާ ގޭތެރޭގައި އަޑުގަދަކޮށްލައިގެން އުޅެއެވެ. ކަންތައްވީގޮތް އޮޅުންފިލިއިރު ސުހާނާ ޒުވާބު ކުރަންފެށީ އެއްވެސް ތާކުންތާކު ނުޖެހޭ ކަމަކާއެވެ. އަނެއްކޮޅުން އޭނާގެ ރުޅި ގަދަވީ ވާފިރު އައިސް ސުހާނާ ގާތު ޒުވާބުކުރުން ހުއްޓާލުމަށް ބުނުމުންނެވެ.

“ބައްޕައަށް ވެސް އަބަދު ރަނގަޅުވާނީ އޭނަ، ހުރިހާކަމަކާ ބެހެންޖެހޭތަ، ހީވަނީ އަހަރެން މިގޭގައި އުޅޭތީ ކަންބޮޑުވެގެން އުޅޭހެން، ކޮން ފެނެއް ބޯކަށްތަ” ސުހާނާ އައިސްފައި ހުރި ރުޅިއާއެކު ކާމޭޒުމަތީ ހުރި ފެންފުޅި ނަގާ ފެންބޯން ހުރި އަކްމަލްގެ ގަޔަށް ޖެހިއެވެ. ފިނިފެންތައް އައިސް ގައިގާ ޖެހުމާއެކު އަކްމަލް ކައިރިއަށް ވެސް ރުޅިއައެވެ. އެހިނދު ހޫރާލި އަތުން ފެންފުޅީގައި ޖެހުނީ ވަރަށް ބާރަށެވެ. ވިއްސައިގެން ދިއުމާއެކު އިވުނީ ތަޅުމުގައި ޖެހިފައި ބިއްލޫރިތައް ކުދިކުދިވެގެން ދިޔައަޑެވެ.

“ހުއްޓާލާ….! ކޮން ޒުވާބެއް ކުރާކައްތަ؟ މީ މަގޭ ގެ، މިގޭގައި އުޅޭނަމަ އިންސާނުން އުޅޭވައްތަރަށް އުޅެބަލަ، ސުހާނާ ތީ އަންހެނެކޭ، ފިރިހެންކޮއްކޮގެ ގަޔަށްބޮލަށް އަރައިގަންނަން ލަދުވެތިވާންޖެހޭނެ، އެހެންނޫނަސް ސުހާނާ ތިހާ ރުޅިއަންނަން ޖެހޭވަރުގެ ކަމެއް އަކްމަލްއެއް ނުކުރޭ، ހާމިޝްއަކީ ރަނގަޅު މީހެއް ނޫންވީމާ އެދުވަހު ވެސް އެހެންއެވީ، ކިހާ ވަރަކަށްތަ އެކަން ވިސްނައިދޭންވީ، ހަޤީޤަތް އެނގުނީމާ ވެސް ސުހާނާ ޤަބޫލުކުރަން ބޭނުންނުވަނީނު، އެއީ އަކްމަލްގެ މައްސަލައެއްނޫން، އަކްމަލް، މިތާ ނުހުރެ ދޭ ކޮޓަރިއަށް،….ނަބީހާ…. ނަބީހާ…” އަކްމަލްއަށް އެތަނުން ދިއުމަށް އިޝާރާތްކުރުމާއިއެކު ވާފިރު އަޑުގެ ނެތްތަނަށް ނަބީހާއަށް ގޮވަންފެށިއެވެ.

“ކިހިނެއްތަވީ؟ ތަނެއްގައި ރޯވީތަ؟” ހަލުވިކޮށް އައިސް ބަދިގެ ފަރާތަށް ވަން ނަބީހާ ވެސް ވާހަކަދެއްކީ އަޑަށް ބާރުލަމުންނެވެ.

“ހުރި ހަމައެކަނި އަންހެން ދަރިފުޅަށް ނިކަން ވިސްނައިދީބަލަ” ރުޅިގަދަވެފައި ހުރެ ސުހާނާއާ ދިމާލަށް އިޝާރާތްކޮށްލަމުން ވާފިރު ބުންޏެވެ.

“ކޮންކަމެއް އޭނާއަށް ނުވިސްނިގެންތަ ތިއުޅެނީ، ބޮޑުވެފައި ހުރިއިރު މިހާރު ވިސްނައިދޭންޖެހޭވަރުގެ ކަމެއް އޮންނާނެތަ” އުނަގަނޑުގައި އެއްއަތްވިއްދާލަމުން ނަބީހާ މިހެންބުނެ ސުހާނާއަށް ބަލާލީ ހިތްހަމަނުޖެހިފައި ހުރެއެވެ.

“ހާމިޝްއަކީ ރަނގަޅު މީހެއްނޫންކަން އޭނާއަށް ނުވިސްނޭތީތާ އަބަދު އަކްމަލްއާ ޒުވާބުކުރަނީ، އަހަރުމެން ސުހާނާ ބޮޑުކުރީ އަނިޔާކޮށްގެންތަ، ތި ހާމިޝްއާއެކު ކައިވެންޏަކާ ހަމައަށް ނުދެވޭ، އޭނާ ސުހާނާއަށް އަނިޔާ ކުރަންފެށިއިރު، އެހެންނުވާނީ، މީހާ ގިނައިން ހުންނަނީ ހަމައިގައެއްނޫން، ދެން އަތުންފައިން ކިތަންމެ ބޮޑު ގޯހެއް ހެދުނަސް އޭނާއަށް އެނގޭނެތަ، އެދުވަހު އަކްމަލް ފުލުހުންނަށް ނުގުޅިނަމަ އޭނާ މަގޭ ގަޔަށް ވެސް ވަޅި ހެރީސް، ފުލުހުން ހައްޔަރުކޮށްގެން ގެންދިޔައިރު ވެސް އޭނާ ހުރީ މަސްތުވާތަކެތި ބޭނުންކޮށްގެން، ޖަލު ހުކުމެއް އައީ ވެސް އެހެންވެ، އަދި ބުންޏޭ ސަލާމަތްވެގެން އައިސް ހޭއަރުވާލާނަމޭ، އެވަރުގެ މީހަކާ ހެދި ސުހާނާ މަރުދަންތިޖެހެނީ، އަހަރެން ހަމަ ހައިރާންވޭ… ދަރިފުޅާ، ތީއެއް ނޫން ލޯތްބަކީ، ހާމިޝް ފަދަ މީހަކާ އިނދެގެން ދަރިފުޅަށް ދިރިއުޅުމެއް ފެންނާނެހެން ހީވޭތަ، އެހާ ދުވަސްވާންދޭން ބައްޕަ އެއްޗެއް ނުބުނީ ވެސް ހާމިޝް ރަނގަޅުވާން ބޭނުންވާ ވާހަކަދެއްކީމަ، އެކަމަކު އެއީވެސް ކައިވެނި އަވަސް ކުރަންވެގެން އޭނާ ދެއްކި ދަޅައެއް، ދެން ވެސް އޭނާއާ އިންނަން ސުހާނާ ބޭނުންވާނަމަ މިބައްޕަގެ ވަލީއެއް ނުލިބޭނެ، އަދި މިގެއިން އުޅޭނޭ ތަނެއްވެސް ނުލިބޭނެ، އެދުވަހަކުން ސުހާނާ ޖެހޭނީ އަމިއްލައަށް އުޅޭނޭގޮތެއް ހޯދަން” ވާފިރުގެ ވާހަކަ ނުނިމެނީސް ތުންއަނބުރާލާފައި ސުހާނާ އެތަނުން ނުކުމެގެން ހިނގައްޖެއެވެ.

“ކޮބާ، ކިހާވަރެއްވި، އެދިޔައީނު ތުންއަނބުރާފައި، އެވަރުގެ މީހުންނާ އަނގައިން ބުނެވޭތަ” ސުހާނާ ނުކުމެގެން ދިޔަތަން ބަލަންހުރެފައި ނަބީހާ ބުނެލިއެވެ.

“މިހާރު އެއްޗެއް ނުބުނެ ނުހުރެވޭ ހިސާބަށް ކަންތައް ދިޔައީމާ އަހަންނަށް ވެސް މަޑަކުން ނުހުރެވޭނެ ދޯ، ސުހާނާ އެހެން އުޅުނީމާ އަކްމަލްގެ ވެސް ލަދުހަޔާތްކެނޑޭނީ، އެއީ ފިރިހެން ކުއްޖެއް… އެހާމިޝްއަކާ ހެދި މިގޭގެ ހަމަޖެހުންގެއްލިއްޖެ، އެއްބަނޑުއެއްބަފާކަމުގެ ގުޅުމަކީ ކޮބާކަން ހަނދާންނެތިއްޖެ، ނަބީހާއަށް ކީއްވެތަ ނުބުނެވޭންވީ ސުހާނާ ގާތު އެގޮތަށް އަކްމަލްއާ ޒުވާބު ނުކުރާށޭ، ދުވަހަކު ވެސް އަކްމަލް ޒުވާބުކުރާއަޑެއް އަހަންނެއް ނާހަން، އޭނާ ވެސް ސުހާނާގެ ސަބަބުން އެހުންނަނީ އަބަދު ފޫހިވެފައި ހުންނަހެން، އަބަދު އެއުޅެނީ އެކޮޓަރިގަނޑު ތެރޭގައި، މިތާ ސިޓީން ރޫމަށް ނިކުމެ އިންތަނެއް މިފަހަކަށް އައިސް އެއްގޮތަކަށް ވެސް ނުފެނޭ” ވާފިރުގެ ވާހަކަ ހުރިގޮތުން އޭނާ އަދިވެސް ހުރީ ރުޅި އައިސްފައިކަން ނަބީހާއަށް އެނގުނެވެ.

“އަހަރެން އެއްޗެއް ބުނިއްޔާ އެމީހުން އަޑުއަހާނަމަތާ، ދެން ވާފިރު ރުޅިމަޑުކޮށްފައި ހިނގާބަލަ ކޮޓަރިއަށް، އަދި ތިހިރީ އޮފީސް އެއްޗެހި ވެސް ބަދަލުނުކޮށް… ދެން ހިނގާ” އިތުރަށް ވާފިރު ހިތްހަމަނުޖެހޭ އެއްޗެއް ބުނަން ނަބީހާ ބޭނުމެއްނުވިއެވެ. އެހެންވެ ލޯތްބާއިއެކު އައިސް ވާފިރުގެ އަތުގައި ހިފާ ދަމާލަމުން ބަދިގެ ފަރާތުން ނުކުންނަން ހިނގައިގަތެވެ. ފުންނޭވާއެއް ލުމާއެކު ދެފަރާތަށް ބޯހޫރާލާފައި ވާފިރު ވެސް ނަބީހާއާއެކު ހިނގައިގަތެވެ.

* * * *

ރާއްޖޭގައި ހަފްތާ ބަންދުގެ ގޮތުގައި ދެދުވަސް ލިބުމަށްފަހު ގިނަ އޮފީސްތަކުގެ މަސައްކަތްތައް ފަށައިގަންނަ ދުވަހަކީ އާދިއްތަ ދުވަހެވެ. މިއަދަކީ އަކްމަލްގެ އައު ވަޒީފާއަށް ނުކުންނަން ހަމަޖެހިފައި އޮތް ދުވަހެވެ. ޕީޗުކުލައިގެ ގަމީހާ އެންމެ ގުޅެނީ ކޮންޓައީއެއްކަމެއް ވަކިކުރަން ނޭނގި ލޯގަނޑު ކުރިމަތީ ހުންނަތާ ދިހަވަރަކަށް މިނެޓު ވެދާނެއެވެ. ފަތިހާ ހޭލި ނަމަވެސް ވަޒީފާގެ ފުރަތަމަ ދުވަސްކަމަށްވާތީ އަކްމަލް ހުރީ ކޮންމެވެސް ވަރަކަށް ހާސްވެފައެވެ. އަވަސް ކުރަން ބޭނުންވިޔަސް އެކަން ވާގޮތެއްނުވިއެވެ. “ފަސްޓް އިމްޕްރެޝަން” ރަނގަޅު ކުރަން އޭނާ ބޭނުންވެއެވެ. އެކަމާ ވަރަށް ބޮޑަށް ވިސްނެއެވެ. ވަގުތުން ފޯނު ނަގާ ގަމީހުގައި، އަތުގައި އޮތް ދެޓައި ގެނެސް ޖައްސާލުމާއެކު ފޮޓޮއެއް ނެގިއެވެ. އަދި ޒީވާގެ ނަންބަރަށް ފޮޓޯ ވައިބަރކޮށްލިއެވެ.

“ކޮން ޓައީއެއް އެންމެ ގުޅެނީ، އައި ކާންޓް މޭކް އަޕް މައި މައިންޑް.. ޕްލީޒް” އަކްމަލް ފޮޓޯގެ ތިރީގައި ލިޔެލިއެވެ. ކެތްތެރިކަން ކުޑަވެފައި ހުރި މީހަކު ފަދައިން ފޯނުގެ ސްކްރީނާ ނަޒަރު ވަކިކޮށްނުލާ އަކްމަލް ހުއްޓެވެ. މަދު ސިކުންތިކޮޅެއްގެ ތެރޭ އޭނާ ބޭނުންވެފައި ހުރި ޖަވާބު ލިބުނެވެ.

ރަޙުމަތްތެރިކަމުގެ ގުޅުމަކަށް އަކްމަލް ޒީވާއަށް ގޮވާލުމުން އެކަމަށް އޭނާ އިޖާބަދިނީ ވަރަށް ފުރިހަމައަށެވެ. ދެމެދުގައި ދެކެވޭ ވާހަކަތައް ގިނައެވެ. ބަދަލުކުރެވޭ މެސެޖުތައް ގިނައެވެ. ޚާއްޞަކޮށް އަކްމަލްއަށް ޒީވާއަށް ސަމާލުކަން ދެވޭލެއް ބޮޑެވެ. އޭނާ ކައިފިންތޯ އާއި ފިލާވަޅު ހަދައިފިންތޯ ނޫނީ ފިލާވަޅު ދަސްކުރަނީ ކޮންއިރަކުންތޯ މިހެން ގޮސް ޒީވާގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި އޭނާ ކުރާ ހުރިހާކަމެއްގެ ވާހަކަ އަކްމަލްއަށް އެހެއެވެ. އޮށެއް އިންދާ އެއަށް ބޭނުންވާ ސަމާލުކަން ދޭނަމަ ގަސްފެޅުމަކީ އެންމެ ކައިރީގައި ވާކަމެވެ. އަދި ގަސްފެޅުމުން އެގަސް ފެންނާނީ ހަމައެކަނި އޮށްއިންދި މީހާއަށް އެކަންޏެއް ނޫނެވެ. އަކްމަލްގެ ހިތުގައިވާ އިޙްސާސްތައް ވެސް ބޭރަށް ފާޅުވާން ދެން ގިނަދުވަހެއް ނުނަގާނެކަން ޚުދު އޭނާއަށް ވެސް އެނގެއެވެ. އެއިޙްސާސްތަކުގައި ލޯބީގެ ކުލަޖެހިފައިވާކަން ޒީވާއަށް ހާމަކުރަން އޭނާ ބޭނުންވެއެވެ.

“ބެސްޓް އޮފް ލަކް، ގަޑި ނުޖެހި އޮފީހަށް ދައްޗޭ” ލުއިހިނިތުންވުމަކާއެކު ޓައީގައި ގޮށްޖަހަމުން ދިޔަ އަކްމަލްގެ ސަމާލުކަން އޭނާގެ ފޯނު ހޯދިއެވެ. ވަކިން ބޮޑަށް ހިނިތުންވެލެވުނީ ޒީވާގެ މެސެޖު ކިޔާލުމުންނެވެ. ލިބުނު ހިތްހަމަޖެހުމާ ތުންފަތަށްވެރިވި ހިނިތުންވުމާއެކު މުޅި ދުވަސް އެގޮތަށް ނިމިގެން ދިއުމަށް އަކްމަލް ބޭނުންވިއެވެ.

ތައްޔާރުވެގެން އައިސް އަކްމަލް ބަދިގެ ފަރާތަށް ވަނެއެވެ. އޭރު ވާފިރު އޮފީހަށް ދިއުމަށް ނުކުންނަނީއެވެ. އަދީލު އޭނާގެ އަތުގައި އޮތް ކޮފީތަށި ބޮމުންދިޔައެވެ. ދެބަފައިންނަށް އަކްމަލް ފެނުމާއެކު އެމީހުންގެ މޫނުމަތިން ފެނިގެން ދިޔައީ އިންތިހާ ދަރަޖައިގެ ހައިރާންކަމެވެ. އަކްމަލް އެގޮތަށް ހެދުން އަޅާފައި ހުއްޓާ ނުފެންނަތާ ދުވަސްތަކެއް ވެއްޖެވިއްޔާއެވެ.

“ވަޒީފާ ލިބުނީތަ؟ ބައްޕަ ގާތު ބުނެވެސް ނުލަމެންނު” ހައިރާންވެފައި ހުރި ވާފިރު ނުކުންނަން ދިއުމުގެ ބަދަލުގައި މަޑުކޮށްލަމުން އަކްމަލްއާ ވާހަކަދެއްކިއެވެ.

“ބައްޕައާ ވާހަކަދައްކާލެވޭ ފަދަ ގޮތަކަށް ދިމާނުވާތީ ނުބުނެވުނީ، ސޮރީ” އަކްމަލް ބުނެލިއެވެ.

“އަދީލު، އޮފީހަށް ދާ މަގުމަތީ އަކްމަލް ގެންގޮސްދޭންވީނު، ނޫނީ ބައްޕައާއެކުތަ ދާނީ” ދަރިފުޅަށް ވަޒީފާ ހަމަޖެހުނުކަން އެނގުމުން އެކަމާ ހިތްހަމަޖެހުނު ވާފިރު ބުންޏެވެ.

“ބައްޕަ ދޭ، އަހަރެން ދަމުން އަކޫ އޮފީހަށް ވައްޓާލަދީފާނަން” އަދީލު ބުނެލިއެވެ. އަކްމަލްގެ ކޮނޑުގައި ހިނިއައިސްފައި ހުރި ވާފިރު މަޑުމަޑުން ޖަހާލާފައި ނުކުމެގެން ހިނގައްޖެއެވެ. އަކްމަލް ކަޅު ކޮފީތައްޓެއް ހަދައިގެން އައިސް އަދީލުގެ ކުރިމަތީ ކާމޭޒުދޮށުގައި އިށީނެވެ.

“ލުކިން ސްމާޓް ބްރޯ، އެކަމަކު ބުނަން، މިއަދު އޮފީހަށް ގެންގޮސްދިނަސް އާދައަކަށް ނުހަދާތި” އަދީލު ހީނލާފައި ބުނެލިއެވެ.

“ތޭންކްސް، އަސްލު، އަހަންނެއް ނުބުނަން ދޯ އެކަކު ގާތުވެސް އޮފީހަށް ގެންގޮސްދޭކަށް، ބައްޕަ އެންނު ދޮންބެ ގާތު އެބުނީ އަހަރެން ގެންގޮސްދޭން، އެނުބެލެވޭނެ އަހަރެން ބުނީކަމަކަށް” އަކްމަލް ވެސް ހިނިއައިސްފައި އިނދެ ބުނެލިއެވެ.

“ޔާ، ޔާ… ދެން އަވަސް ކުރޭ، އަހަރެންގެ ކޮފީތަށި ހުސްވެއްޖެ” އަދީލު ތެދުވަމުން ބުންޏެވެ. އަދި ކޮފީ ބުއިތަށި ދޮވެލާފައި ބަދިގެއިން އޭނާ ނުކުތެވެ.

ފިރިމީހާއަށް ސައިހަދައި ދީފައި ނަބީހާ އައިސް ކޮޓަރިއަށް ވަނީ އެކަން އެންގުމަށެވެ. އޭރު ވާފިރު ތައްޔާރުވާން ހުރީތީ ނަބީހާ އެނދުގައި ޖައްސާލީ ނިދަން ނޫންކަމަށްވިޔަސް އޭނާއަށް އޮތީ ނިދިފައެވެ. ވާފިރާއި ކުދިން ސައިބޮއެގެން އޮފީހަށް ދިޔައީ ކޮންއިރަކު ކަމެއް ވެސް އޭނާއަކަށް ނޭނގެއެވެ. ހޭލެވުނީ ނިދި ހަމަވެގެންނެވެ. ދެއަތަކަށް ފުރޮޅިލާފައި ހަތަރެސްފައި ދަމާލިއެވެ. އަދި ކޮޓަރީގައި ހުރި ގަޑިއަށް ބަލާލިއެވެ. އެގާރަ ޖަހަނީއެވެ. ދެލޯ އުނގުޅާލުމާއެކު ކަންނެތްގޮތަކަށް ތެދުވެ އިށީނެވެ. އެގޮތަށް އެނދުގައި އިރުކޮޅަކު އިނުމަށްފަހު ފާޚާނާއަށް އޭނާ ވަނެވެ. މެންދުރަށް ކައްކަން އޭނާ ބަދިގެއަށް ވަނީ ދެނެވެ.

“ލަބީބު، ޒީވާއަށް ބަދަލުތަކެއް އަންނަހެން އަހަންނަށް ހީވޭ، އަބަދުހެން އޮންނަނީ ކޮޓަރީގައި، ރީމް އާއި ރުވާގެ ޝަކުވާކުރާ އަޑެއް ވެސް މިހާރު ނީވޭ، އަނެއްކާ އެހަދާ ކޯހަށް ހަވީރު ދާންޖެހޭތީއޭ ކިޔާފައި ހުންނަނީ ވަރަށް ފޫހިވެފައި، ބައެއްފަހަރު ހިތަށް އަރާ ކޯހަށް ނުދާންވެގެން އެކުއްޖާ ދައްކާ ބަހަނާއޭ އެއީ…. ލަމްޔާ ކިހާ ބަސްއަހައިގެން ކިޔެވި އެއުމުރުގައި، މި ޒީވާއަށް ނޭނގެ ވެގެން އުޅޭގޮތެއް، އަބަދު ވަޒީފާއަކަށް ނުދެވިގެން ހީވަނީ އެހެންފަދަ ކަމެއްހެން” ވާހަކަދައްކަމުން ދިޔަ ޝީރީން، ލަބީބަށް ތަށިތައް ކައިރިކޮށްލަ ދީފައި މޭޒުދޮށުގައި އިށީނެވެ. ހެނދުނު ސައިބޯން ނާދެވުނީތީ ލަބީބު އިނީ މެންދުރު ކާން ގެއަށް އައިހެވެ. ދަރިންގެ ކަންކަމާމެދު ޝީރީން ކަންބޮޑުވެއްޖެނަމަ އެވާހަކަ އެންމެ ފުރަތަމަ ވެސް އޭނާ ދައްކަނީ ލަބީބާއެވެ. އޭނާއަށް ވުރެ ކަންކަން ނިންމުމުގައި ލަބީބު ވިސްނުންތޫނު ކަމުގައި ޝީރިން ޤަބޫލުކުރާތީއެވެ. އަބަދުވެސް ކޮންމެކަމަކަށް ލަބީބު ހައްލެއް ހޯދާނެކަން އެނގޭތީއެވެ.

“އަހަންނަށް ހީވަނީ ގަނެދެވުނު ފޯނުގެ ސަބަބުންހެން އެމަންޖެ ކަންނެތްވެގެން އެއުޅެނީ، އަހަންނަށް އަބަދު ފެންނަނީ ދެކަންފަތަށް އެއުނގުރިއެއް ޖަހައިގެން އުޅޭތަން، މިހާރު އަދި އަމުދުން ދެއަތުން ފޯނު ދޫނުވޭ، ކަންނެތްވީމާ ވެސް ކިޔަވާހިތް ނުވާނެއެންނު” ކާން ފެށި ލަބީބު ވާހަކަދެއްކިއެވެ.

“އަހަރުމެންނަށް ކުދިން ގޭގައި ބަންދުކޮށްގެންނެއް ވެސް ނުގެންގުޅެވޭނެ، ބޮޑެތިވީމާ އެމީހުން އަމިއްލަ ނިންމުން ނިންމަން ދޫކޮށްލަން ވެސް ޖެހޭނެ، އެކަން އަހަންނަށް އެނގޭ، ލަމްޔާގެ ޚިޔާލާ ޒީވާގެ ޚިޔާލު ވެސް ވަރަށް ތަފާތު، ޒީވާ ގޭތެރޭގެ ކަންކަން ނުކުރަނީކީ ނޫނޭ، ކަންނެތެއް ވެސް ނޫން، މައްސަލައަކީ ނުކިޔަވަން އުޅޭތީ، އަނެއްކާ މިހާރު އަބަދު ކިޔަނީ ލަމްޔާ ދުއްވަން ގެންގުޅޭ ސައިކަލު ޒީވާ ދުއްވަން ދަސްކުރަންވީއޯ” ޝީރީން ކަންބޮޑުވާންވީވަރު ކަމެއް އޮތްކަމަކަށް ލަބީބަކަށް ނުވިސްނުނެވެ.

“ސައިކަލު ދުއްވަން ދަސްކުރީމަ ރަނގަޅެންނު، އޭރުން ޒީވާ ވެސް އެކަނި ތަންތަނަށް ދާކަށް ނުޖެހޭނެ އެންނު، އަސްލު އަހަރެން އެހާ ހިތްހަމައެއްނުޖެހޭ އަންހެން ދަރިއަކު އެކަނި ތަންތަނަށް ފޮނުވާކަށް، މީހުންގެ ނުބައިކަން ހައްދުފަހަނައަޅައިގެން މިދަނީ، މުޖުތަމަޢު މިއޮތީ ކުށުގެ ވެށްޓަކަށް އެއްކޮށް ބަދަލުވެ ނިމިފައި، ގެއްލޭ މީހުން ފެންނަނީއެއްނޫން، ޖަލަށްދާ މީހާ އަނެއް ދުވަހު މިހުންނަނީ ގޭގައި، ބޮއެގެން ވެއްޓިފައި އޮތަށް ފެންނަ މީހަކު އުޅެނީއެއްނޫން، ކިހިނެއް މިކަހަލަ މާހައުލަކަށް އަންހެން ދަރިފުޅު ދޫކޮށްލާނީ، ޒީވާގެ އުމުރުގެ ގޮތުން ބަލާއިރު އެހެރީ ވަރަށް ފަސޭހައިން މަގުއޮޅޭ ފަދަ އުމުރެއްގައި، ކަންކަމުގެ އަވާގައި ޖެހޭނީ އަހަރުމެންނަށް އިޝާރާތެއްވެސް ނުވެ” ލަބީބު ވެސް ކަންބޮޑުވީ ޒީވާ އެކަނި މާލޭގެ މަގުތަކުގައި ހިނގަން ޖެހޭތީއެވެ.

“އެހެންވީރު ލަބީބު ތިބުނަނީ ޒީވާ ސައިކަލު ދުއްވަން ދަސްކުރުމުގެ ހުއްދަދޭށޭތަ” ޝީރީން ޔަޤީންކޮށްލިއެވެ.

“އާން! އެއީ ރަނގަޅުކަމެކޭ އަހަރެންގެ ހިތް ބުނަނީ، އެކަންދަސްކޮށްދޭ ބަޔަކު ހޯދާނީ، ލަމްޔާއަށް އެނގޭނެ އެންނު، އޭނާ ވެސް ދަސްކުރީ އެކަހަލަ ތާކުންނު” ލަބީބު ކައިނިމިގެން އަތްދޮންނަން ސިންކާ ކައިރިވެލަމުން ބުންޏެވެ.

“ލަމްޔާ އެކަން ހަމަޖައްސާގޮތަށް ހުރީ، ބުނީ ލަބީބުގެ ގާތުން ހުއްދަ ލިބުނީމައޭ ޒީވާއަށް އެކަން ކޮށްދޭނީ، އޭނާ ހުރީ އެދުއްވާ ސައިކަލު ޒީވާ ދުއްވަން ދޭގޮތަށް” ޝީރީން ސިކުނޑީގައި ގޮތެއް ނިންމާލުމާއެކު ބުނެލިއެވެ.

ފޯނުން ފެންނަމުންދިޔަ އަކްމަލްގެ ފޮޓޮއަށް ޒީވާ ބަލަންއޮތީ ހިނިއައިސްފައެވެ. އަކްމަލްއާ ބައްދަލުކޮށްލާ ހިތުން ޒީވާގެ ކެތްތެރިކަންވަނީ ކުޑަވެފައެވެ. ހަމަލޮލުން އަކްމަލްގެ މޫނު ދެކިލުމާއެކު އެހިތުގައިވާ އެއްޗެއް އަކްމަލްގެ ކުރިމަތީ ބަންޑުންކޮށްލަން ޒީވާ ބޭނުންވެއެވެ. ރޭގަނޑު ދަންވި ދަންވިހެން ދެމެދުގައި ދެކެވޭ ވާހަކަތައް އޮލަވެފައި ބުނަން ބޭނުން ކޮންމެ ވާހަކައެއް ހާމަކުރުމުގެ ފުރުޞަތު ލިބުނެއްކަމަކު ޒީވާއަށް ފަސްޖެހެވެނީއެވެ. ފަހަރެއްގައި އަންހެންކުއްޖަކަށްވީމާ ފުރަތަމަ ލޯބި ހުށަހަޅަން ޖެހިލުންވަނީ ކަންނޭނގެއެވެ. އަކްމަލްގެ ފަރާތުން އިޝާރާތެއްވަންދެން މަޑުކުރެވެނީ އެހެންވެކަމަށް ވެދާނެއެވެ. ކޮންމެގޮތެއްވިޔަސް އަކްމަލްއަށް ޒީވާ ޚާއްޞަކަން ޚުދު ޒީވާއަށް އިޙްސާސްކުރެވެއެވެ. އެހެންނަމަވެސް އެވަރުން ނުފުދެއެވެ. ލޯބިވާކަން ޔަޤީންކުރަން ބޭނުންވަނީ އަކްމަލްގެ އަނގައިން އެލަފުޒުތައް ނުކުތުމުންނެވެ. އެވަގުތަކުން ޒީވާ އެއްވެސް ޖެހިލުމެއްނެތި ރައްދު ޖަވާބުދޭނެކަން ޔަޤީނެވެ. އެއްވެސް ކަމަކަށްވުރެ އަކްމަލްގެ ފަރާތުން ޚަބަރެއް ވާނޭ އިރަކަށް ކުރެވޭ އިންތިޒާރު ދިގުވެފައިވެއެވެ.

އޮފީހަށް ނުކުތް ފުރަތަމަ ދުވަހަށްވާތީއާއެކު އަކްމަލްގެ ފުރިހަމަ ސަމާލުކަން އޭނާ އާއިއެކު އުޅޭ ފައިސަލްއަށް ދެމުންދިޔައެވެ. ކުރަންޖެހޭ މަސައްކަތްތަކާއި އަކްމަލްގެ ޒިންމާއަކީ ކޮބައިކަން އޮޅުންފިލުވާދިނުމުގެ އިތުރުން އޮފީހުގެ ހުރިހާ ބައިތަކާ ބެހޭ މަޢުލޫމާތު ވެސް ބުނެދެމުންދިޔައީ ފައިސަލްއެވެ. ހެނދުނު ސަޔަށް ބައިބަޔަށް މުވައްޒަފުންތައް ތެދުވެގެން ދާތަން އަކްމަލްއަށް ފެނުނެވެ. އެހެންނަމަވެސް އެކަކުވެސް އޮފީހުން ބޭރަށް ނުކުންނަތަނެއް ނުފެނެއެވެ. ވެރިޔާގެ ކޮޓަރިން ފައިސަލް ނުކުމެގެން އައިގޮތަށް އޭނާގެ މޭޒުކައިރީ މަޑުކޮށްލައިގެން ހުރި އަކްމަލްއަށް ގޮވާލާފައި އޭނާގެ ގާތަށް އައުމަށް އިޝާރާތްކޮށްލިއެވެ. ތަނުގެ ސައިކޮޓަރި އަކްމަލްއަށް ފެނުނީ ދެނެވެ. ލިފްޓަށް އަރައިގެން ހަތަރުވަނަ ފަންގިފިލާއަށް އެންމެން ދަނީ ކީއްވެކަން އެނގުނީ އަދިކިރިޔާއެވެ. ސައި ބުއިމާ ކޮފީބުއިމުގެ އިންތިޒާމު ހަމަޖެހިފައި އޮތީ އެތަނުގައި ކަމަށްވީމައެވެ. ބޮޑުހޯލެއްވަރުގެ އެސައިކޮޓަރީގައި ހަތަރު މީހުނަށް އިށީނދެވޭނޭ ގޮތަށް މޭޒާ ގޮނޑި އެކި ދިމާލުގައި އަތުރާފައި ހުއްޓެވެ.

“އަކްމަލް، ބޮޑުމީހާ ރުހިލައްވާކަމެއްނޫން އެއީ މިތާ ސްޓާފުން ކައިބޮއެހަދަން އޮފީހުން ބޭރަށް ދިއުން، އަސްލު މާ ފަސޭހަ މިހެން ހުންނާތީ، މިހާރު ކޮފީތަށި ހިފައިގެން އިނދެވެސް މަސައްކަތްކޮށްލެވޭ، ވަރަށް ބޮޑަށް ޓައިމް މެނޭޖްކުރެވޭ، ބޭރަށް ދިޔައީމަ ގަޑިދާގޮތްވެސް ނޭނގޭނެ، ގިނަފަހަރަށް ސައިބޮއެގެން އޮފީހަށް ވަދެވޭނީ ގަޑިއެއްހާއިރު ފަހުން، އެހެންނު، ކޯއްޗެއް އަކްމަލް ބޯނީ، ސައިތަ؟ ކޮފީތަ؟” ކިއުގައި ހުރެ މަޑުމަޑުން ކުރިއަށް އައިސް ސައިހަދާފައި އޮތްމޭޒާ އަރާ ހަމަވުމުން ފައިސަލް، އަކްމަލްއަށް ބަލާލާފައި ސުވާލުކޮށްލިއެވެ.

“މިއަދު ކޮފީއެއް ބޮއެގެން މިއައީ، ސައިތަށްޓެއް ރަނގަޅުވާނެ” ފައިސަލްގެ ހުރި ރަޙުމަތްތެރިގޮތުން އަކްމަލްއަށް އޭނާ ކަމުދިޔައެވެ. ފުރަތަމަ ދުވަހު ވެސް މިދިމާވީ ރަޙުމަތްތެރިކަން އުފައްދަން ރަނގަޅު މީހެއްކަމުގައި އަކްމަލްއަށް ވިސްނުނެވެ.

އޮފީހުގެ ވަގުތުތައް އަކްމަލް ހީކުރިވަރަށްވުރެ ދިގުހެން ހީވިއެވެ. ފުރަތަމަދުވަހު މާގިނަ މަސައްކަތްތަކެއް ކުރަންނުޖެހުމާވެސް އެކުއެވެ. ވެރިޔާގެ އެދިލެއްވުމަށް އަކްމަލްގެ ފުރަތަމަ ހަފަތާ އެއްކޮށްހެން ހޭދަކުރަން ޖެހިފައިވަނީ ފައިސަލްއާއެކުއެވެ. އަކްމަލްގެ ޒިންމާތައް ހަވާލުކުރެވޭނީ އޭގެ ފަހުގައެވެ. އަދި ވެރިޔާއާ ބައްދަލުކުރުމުން އޭނާގެ އެންމެބޮޑު އެދުމަކަށްވެގެންދިޔައީ ގަޑިއަށް ފަރުވާތެރިވުމެވެ. އޮފީހުގެ މުވައްޒަފުންނަށް ހުރި ކުރިއެރުންތަކާއި އެލަވަންސާއި ބޯނަސްގެ ވާހަކަ ވެސް ވެރިޔާ އަކްމަލްއަށް ކިޔައިދިނީ އޭނާގެ ހިތް އެއޮފީހަށް ޖެއްސުމުގެ ބޭނުމުގައި ހެން އަކްމަލްއަށް ހީވިއެވެ. މީގެ ކުރިން ވެސް އޭނާ ވަޒީފާއަށް ދިއުމުން ތަނުގެ ވެރިޔާ ވަނީ އެފަދަ ވާހަކަތަކެއް ދައްކާފަވިއްޔާއެވެ. އެވާހަކަތުން އަކްމަލްއަށް ކުރި ފައިދާއެއްނެތެވެ. އެހެންނަމަވެސް އޭނާ އޮފީހަކަށް ވަނީ މިވަގުތު ވަޒީފާއެއް މުހިއްމުވީމައެވެ. ފައިސާލިބޭނޭ ގޮތެއް އެނޫނީ ނެތީމައެވެ.

“ހިނގާ ދަމާ، އަހަރެން މިގަޑީގައި ގެއަށް ގޮސްފައި، ރޭގަނޑު އަށެއްޖަހާކަން ހާއިރު އަނެއްކާ އޮފީހަށް ޖައްސާލަނީ، އޭރުން މާދަމައަށް ހުރިހާކަމެއް ތައްޔާރުކޮށްލެވޭނީ، އަކްމަލް އަދި ރޭގަނޑު ނަޔަސް ރަނގަޅުވާނެ، މަސައްކަތްތައް ފަށައިގަތީމަ ރޭގަނޑު ނުކުންނާނީ” ފައިސަލް އޭނާގެ މޭޒުގެ ވަތްގަނޑުތައް ތަޅުލާފައި ތެދުވިއެވެ. އޭނާއާއެކު އަކްމަލް ވެސް ތެދުވިއެވެ. އޮފީހުގެ މައިދޮރުން ދެމީހުން ނުކުމެ ހިނގައިގަތީ މަގުގެ ދެފަރާތަށެވެ.

އަވަސް އަރުވާލާފައި އޮފީހުން ނުކުމެގެން ދިޔަ އަދީލަށް ގޮވަމުން ޔަޝްފާ ވެސް ދޮރުކައިރިއަށް ނުކުތެވެ. އެހެންނަމަވެސް އަދީލު އެއަޑުއިވޭކަމަށް ނަހަދާ ސައިކަލަށް އަރައިގެން ދުއްވާލަފައިފިއެވެ. ޔަޝްފާގެ ދެބުމަ ކައިރިކޮށްލުމާއެކު ދަތްކުނޑިވިކައިގަތެވެ. ހަމައެއާއެކު ކުދިކިޔައިގަންނަމުން އޮފީހުގެތެރެއަށް ވަދެގެން އައެވެ.

“ގުޅާނުލާތާ ހަފަތާއެއްވީ، އޮފީހުން ފެނުނުނަސް އަނގައިންބުނާނޭ ފުރުޞަތެއްނުދޭ، އާދު އެހެން ހަދަނީ ކީއްވެ، އަހަރެން މިއުޅެނީ އާދު ބުނިހާގޮތެއް ހަދައިގެން” ޔަޝްފާއަށް ރުޅި އާދެވުމުގެ ބަދަލުގައި ޝަކުވާކޮށްލެވުނީ ވީދެރައިންނެވެ. އޮފީހުގައި އުޅޭ ފިރިހެން ކުދިންނާ ގާތް ގުޅުމެއް ބޭއްވުމަކީ އެއްވެސް އިރަކު ޔަޝްފާ ކުރިކަމެއްނޫނެވެ. އެހެންނަމަވެސް އަދީލު އޭނާގެ ފަހަތުން އާދޭސްކޮށް ހިނގިވަރުން އޭނާއަށް ޔަޝްފާގެ ހިތް ލެނބުނީ ނޭނގިހުއްޓައެވެ. އަދީލުގެ ފަރާތުން ނޭދެވޭ އެއްވެސް ސިފައެއް ނުފެނުމުން ޔަޝްފާގެ ހިތްބުނީ އަދީލަކީ އޭނާގެ ހަޔާތަށް އަންނާނެ “ޕްރިންސް ޗާމިން” ކަމުގައެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަދީލާއި ގާތް ގުޅުމެއް އުފެދިގެން ދިޔައީ ވެސް އެހެންވެއެވެ. ޔަޝްފާއަށް ޝަކުވާކުރާނޭ ފުރުޞަތެއް އޭނާ ނުދެއެވެ. އެކަމަކު ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހު އަދީލު ހީވަނީ މުޅިން އެހެން މީހެއްހެންނެވެ. އޭނާ ކަންތައްކުރާގޮތުން އޮފީހުގައި އިނދެފައި ވެސް އެދެލޯ ފެންކަޅިވާލެއް މަދެއްނޫނެވެ.

“ބޯހަލާކު، އަޅާނުލީމާވެސް އެއްޗެއް ވިސްނޭކަށްނޭނގޭ، މިހާރު އަހަރެން ވާހަކަދައްކަން ބޭނުންނުވާކަން އެނގެންވެއްޖެއެންނު” ސައިކަލު ދުއްވަމުންދިޔަ އަދީލު ހިތާހިތުން ބުނެލިއެވެ. ޔަޝްފާގެ ކުރިމައްޗަށް އަރަން އަދީލު މިހާރު ބޭނުންނުވާއިރު އޭނާ ހުރީ އޮފީހުގައި މަސައްކަތްކުރާ ކުއްޖަކާ ގުޅުން ބޭއްވުނީތީ އެކަމާ މޮޔަހީވެފައެވެ. އޭނާގެ ޢަމަލުތައް ބަހައްޓާގޮތުން ވެސް ޔަޝްފާ އޭނާއާ ވަކިވާކަށް ގަސްދެއްނުކުރިއެވެ. އެކަން އުނދަގޫވެގެން އުޅެނީވެސް އޮފީހުން ކޮންމެ ދުވަހަކުހެން ޔަޝްފާއާ ބައްދަލުވާތީކަމުގައި އަދީލު ދެކެއެވެ. އޭނާއަށް ހަމައެކަނި އޮތް ގޮތަކީ ޔަޝްފާ ގާތު އޭނާގެ ހިތުގައި އޮތް އެއްޗެއް ހާމަކުރުމެވެ. އޮފީހުގެ ގިނަ ބަޔަކަށް އެދެމެދުގައި ގާތް ގުޅުމެއް އޮތްކަން އެނގުނެއްކަމަކު ޔަޝްފާއާ ގުޅުން ކަނޑާލަން އަދީލު ކުޑަކޮށް ވެސް ޖެހިލުމެއް ނުވެއެވެ. އޭނާ ދެކޭގޮތުގައި ފިރިހެނެކޭ ކިޔައިގެން ދެއްކޭނޭ މާބޮޑު ވާހަކަތަކެއް ނޯންނާނެއެވެ. އެހެންވެ ބަޔަކު މީހުން ކިޔާފާނެ އެއްޗަކާމެދު އޭނާ ނުވިސްނައެވެ. ފިރިހެނަކަށްވާތީ ބަދުނާމުވާންޖެހޭ ކަމެއް ނޯންނާނެކަމުގައި އަދީލު ޤަބޫލުކުރެއެވެ.

“މިވެސް ވަރުގަދަ ކަމެންނު، ކިހާ ދުވަހަކުބާ މަގޭ އަތްދަށުން ފިލައިގެން އުޅެވޭނީ” އެއްގޮތަކަށް ވެސް ޒީވާ ފެންނަގޮތް ނުވުމުން ސައިކަލުގެ އަތްގަނޑުގައި ޖަހާލި އަދީލަށް ބުނެވުނެވެ. އޭރު އޭނާ އިނީ ސައިރިކްސް ކޮލެޖު ކުރިމަތީއެވެ. ޒީވާގެ އެއްވެސް ލިސާނެއް އެހިސާބަކު ނެތެވެ.

“ކޮންއިރަކު ގެއަށް އައީ؟ ތެދެއް ވަޒީފާ ލިބުނީތަ” އިރުއޮއްސެން އުޅެނިކޮށް ބަދިގެތެރެއިން އަކްމަލް ފެނުމުން ފުޅިތަކަށް ފެންއަޅަން ހުރި ނަބީހާ އަހާލިއެވެ.

“ލިބިއްޖެ” އަކްމަލްގެ ބަސްމަދެވެ. އޭނާ އިތުރު އެއްޗެއް ނުބުނެ ތެލިތަކާ ދިމާލަށް ހިނގައިގަތެވެ. ކާންހުރީ ކޮންއެއްޗެއްތޯ ބެލުމަށެވެ. އެހިނދު ނަބީހާ، އަކްމަލްއަށް ގޮވާލާފައި ހަވީރު ސައިބޯން ބޯކިބާ އަޅާފައި ހުރި ވާހަކަ ބުނެލިއެވެ. އަދި އޭގެ އިތުރުން އަކްމަލްއަށް އެންގީ ސައިބޯން މޭޒުދޮށުގައި އިށީނުމަށެވެ. ފެންފުޅިތައް އައިސްއަލަމާރިއަށް ލާފައި ނަބީހާ ޖޯޑެއް ނަގައިގެން އަކްމަލްއަށް ސައިހަދައިދޭން ފެށިއެވެ. ދެން ވެސް އަކްމަލް އެއްވެސް އެއްޗެއް ނުބުނެ އިންނަން ފެށުމުން ނަބީހާ ވާހަކަދައްކަން ފެށިއެވެ.

“މިފަހަރު ރަނގަޅު ތަނަކުންތަ ވަޒީފާ ތިހޯދީ، ކީއްވެތަ އެކަކު ގާތު ވެސް ނުބުނީ، އޮފީހަށް ދާން އެއްޗެހި އިސްތިރިކުރާކަށް ވެސް ނުބުނަމެންނު” ނަބީހާގެ އަޑުގައި މައިވަންތަކަމުގެ ކުލުނު އެކުވެފައި ހުރިކަން އަކްމަލްއަށް ވެސް ފާހަގަކުރެވުނެވެ.

“ކަމެއްނުވޭ، އަހަންނަށް ވެސް އެނގޭ އިސްތިރިކުރަން، އެއީ އެވަރުކަމެއް ނޫނެންނު، މަންމަ ކީމެންނު ގިނައިރު ކޮޅަށް ހުރީމާ މަންމަގެ ފައި ދުޅަވާ ވާހަކަ، ވަރަށް ރިއްސާ ވާހަކަވެސް” އިސްޖަހާލައިގެން މޭޒުމަތީ އަޅާފައި އޮތް މެޓުގެ ބަޔަކާ ކުޅެމުން އަކްމަލް ބުންޏެވެ.

“އެހެންވިޔަސް އެއީ ފިރިހެންކުދިން ކުރާކަހަލަ ކަމެއްނޫނޭ، މިހާރު ކުރިއަށްވުރެ ފައި ރަނގަޅު، ދަރިފުޅު ކަމެއް ބޭނުންވާނަމަ މަންމަ ގާތު ބުނައްޗޭ، ކުރިން ވެސް މަންމައެންނު ހުރިހާ ފިރިހެނުންގެ އެއްޗެހި ދޮވެ އިސްތިރިކުރަނީ” ނަބީހާ މިހެންބުނުމުން ޖަވާބެއްގެ ގޮތުން އަކްމަލް ބޯޖަހާލިއެވެ. ނަބީހާގެ ގޮތް އަކްމަލްއަށް އެނގެއެވެ. އޭނާގެ މަންމައަކީ ގޯސް މީހެއް ނޫނެވެ. ރަނގަޅު މޫޑެއްގައި ހުރީވިއްޔާ އެވަރުގެ ހެޔޮ މަޔަކު ނުހުންނާނެއެވެ. އެކަމަކު ބައެއްފަހަރަށް ނަބީހާ އެވާގޮތެއް އަކްމަލްއަށް ވިސްނައިގަންނަން ފަސޭހައެއް ނޫނެވެ. އެހެންވިޔަސް ނަބީހާ ލޯތްބާއި އޯގާތެރިކަމާއެކު ވާހަކަދައްކާލާ އަޑުއިވުމުން އަކްމަލްގެ ހިތަށް ބަޔާންކުރަންދަތި ފިނިކަމެއް އިޙްސާސްކުރެވެއެވެ.

“ކޮންމެވެސް އެއްޗެކޭ ބުނެބަލަ” ވާފިރުގެ މޭޒު ކުރިމަތީ ހުރި ދިޔާނާ ބުނެލިއެވެ. އޭނާ ހުރި ގޮތުން އެހެރީ އޮފީހުން ނުކުންނަން ތައްޔާރުވެގެން ހެން ހީވެއެވެ. ފަންކޮށްފައި ހުރި އިސްތަށިގަނޑުގައި އެއްފަރާތަށް ގެނެސް އޮމާންކޮށްލުމާއެކު ރަކިގޮތަކަށް ދިޔާނާ ހިނިތުންވެލިއެވެ. އަދި ލޮލުގެ އިޝާރާތުން އޭނާ ވާފިރަށް އަންގާލީ ދެންމެ އެހި އެއްޗަކަށް ޖަވާބެއް ބޭނުންވެފައި ހުރި ކަމެވެ.

“ކީކޭ އަހަރެން ބުނަންވީ” ދެކޮނޑު އަރުވާލަމުން ވާފިރު ބުނެލިއެވެ. ހީވީ ދިޔާނާއާ ސަމާސާ ކުރާހެންނެވެ.

“ދެން ވާފިރު، ބުނެބަލަ އާނއެކޭ، ހީވަނީ އަހަންނާއެކު ޑިނާއެއް ނުކުރާހެން” ކުޑަކޮށް ހީނލި ދިޔާނާ ބުންޏެވެ.

“އޯކޭ، މައްސަލައެއްނެތް، ކިހާއިރަކު ދާންވީ، ކޮންތާކަށް ދާންވީ، ގެއަށްތަ؟” ލާނެތް ގޮތަކަށް ހިނިއައިސްފައި އިނދެ ވާފިރު ބުންޏެވެ.

“ދެން މާ ލާނެތްވާން އުޅޭނެކަމެއްނެތް، އަހަރުމެން އާއްމުކޮށް ދާތަނަށް ދާނީ، ނައިން އޯކޭ އެންނު، އަހަރެން އެތަނަށް ދާނަން އެހާއިރަށް، ދެން ހިނގާ މިތަނުން ނުކުންނަމާ” ދިޔާނާ ބުނެލިއެވެ.

“އަހަރެން ވެސް ދާނަން އެހާއިރަށް، ދެމީހުން އެކުގައި ދޯ ވަންނާނީ” ގޮނޑިން ތެދުވެ ވާފިރުގެ ލެޕްޓޮޕު ލައްޕާލަމުން އޭނާ ބުންޏެވެ. އަދި ދިޔާނާއާއެކު އޮފީހުން ނުކުންނަން ހިނގައިގަތެވެ.

“ވާފިރު، ހިނގާ އަހަރެން ގެއަށް ގެންގޮސްދޭނަން” މަގުމައްޗަށް ނުކުމެވުމާއެކު ދިޔާނާ ބުންޏެވެ.

“ކޮންމެ ދުވަހަކު ދިޔާނާގެ ކާރުގައި އަހަރެން ގެއަށް ދިއުމަކީ ރަނގަޅުކަމެއްނޫން، އެހެންނޫނަސް އަހަރެންގެ ސައިކަލު މިހިރީ މިތަނުގައި” ވާފިރު ޕާކުކޮށްފައި ހުރި އޭނާގެ ސައިކަލު ދިޔާނާއަށް ދައްކާލިއެވެ.

“ކާރެއް ގަންނާކަށް ނުވިސްނަންތަ” ހިނގައިގަންނަން ބޭނުންނުވެފައި ހުރި ދިޔާނާ އަހާލިއެވެ.

“ކާރެއް، އަދި އެވަރަށް ލާރިކޮޅެއް އެކެއްނުވޭ، އަހަރެން ކާރެއް ގަނެފިއްޔާ ދިޔާނާ އަރާނަންތަ” މިފަހަރުވެސް ވާފިރު ވާހަކަދެއްކީ ހިނިއައިސްފައި ހުރެއެވެ.

“ސައިކަލުގައި ނޯންނަ ޕްރައިވެސީ ކާރުގައި އޮންނާނެ، އެހެންވީމާ ކީއްވެ ނާރަންވީ، ކާރުގައި ތިބީ ކޮންބައެއްކަމެއް މީހުންނަކަށް ނޭނގޭނެ، ކަޅިއަޅާނޭ ބަޔަކު ނުތިބޭނެ، އެހެންވީމާ މިނިވަންކަމާއެކު މަގުގައި ދުއްވާލެވޭނެ، ނޫންތަ” މިފަހަރު ދިޔާނާ ވެސް ވާހަކަދެއްކީ މާނަފުން ހިނިތުންވުމެއް ބަދަލުކޮށްލަމުންނެވެ. އަދި ދެމީހުން އެއްފަހަރާ ހީނގަތުމާއެކުގައި ގެއަށް ދިއުމަށްޓަކައި ވަކިވެއްޖެއެވެ.

ފޯނު ހިފައިގެން ކޮޓަރީގައި އޮތް އަކްމަލް ވައިބަރއިން ވާހަކަދައްކަން އޮތީ ޒީވާއާއެވެ. އެކިއެކި ވާހަކަތައް ދައްކަމުން ތަފާތު ފޮޓޯތައް ބަދަލުކުރަމުން ގޮސް ޒީވާއަށް އަކްމަލް ގާތު އޭނާ ކުލާހަށް ދާން ފޫހިވާ ވާހަކަ ބުނެވުނެވެ. އެއާއެކު އަކްމަލްގެ އެތަށް ސުވާލެއް ޒީވާއަށް އަމާޒުވެގެން ދިޔައެވެ. އެންމެފަހުން ޒީވާ ކަންތައްވަމުން އަންނަ ގޮތް އަކްމަލްއަށް ކިޔައިދިނެވެ.

“އެއީ ކާކުކަން އެނގޭތަ، ކީއްވެތަ މަންމަމެން ގާތު ނުބުނީ” އަކްމަލްއަށް އަހާލެވުނެވެ.

“ނޭނގޭ، މުސްކުޅިއެއްނޫން، އަކްމަލްއަށްވުރެ ކުޑަތަންކޮޅެއް އޭޖުން ބޮޑުހެން ހީވަނީ، ޔަޤީނެއްނޫން، އެމީހާގެ ނަމެއް ވެސް ނުބުނޭ، ފަހަތުން ސައިކަލުގައި އަންނަނީ، ކޮލެޖާ ހަމައަށް ވެސް އާދޭ، ނިމޭ ގަޑީގަ ވެސް އިނދޭ، ވަރަށް ފޫހިވޭ އެހެންވެ، މަންމަމެން ގާތު އެވާހަކަ ބުނާނެގޮތެއް ނޭނގިގެން މިއުޅެނީ، އެހެންނޫނަސް މިހާރު މިއުޅެނީ ސައިކަލު ދުއްވަން ދަސްކުރަން، ސިސްގެ ސައިކަލު ޒީވް ދުއްވަން ދޭނަމޭ ބުނެފަ އޮތީ” ޒީވާ އަކްމަލްއަށް އޮޅުން ފިލުވައިދިނެވެ.

ޒީވާގެ ވާހަކަތުން އަކްމަލްއަށް ވަރަށް ބޮޑަށް އުނދަގޫވިއެވެ. އޭނާގެ ހިތުގައި ޒީވާއަށް ޚާއްޞަކަމެއް ދެވިފައިވާއިރު އެހެން މީހަކު ޒީވާގެ ފަހަތުން އުޅުމަކީ އަކްމަލްއަށް ކެތްވާނޭކަމެއް ނޫނެވެ. އެއްޗެއް ނުބުނެ އަކްމަލްއަށް އިރުކޮޅަކު އޮވެވުނީ ވެސް އެހެންވެއެވެ. ކުއްލިއަކަށް އޭނާގެ ހިތް ގޮވާލި ކަހަލައެވެ. ޒީވާއާ ގާތަށް އަކްމަލްއަށް ފިޔަވަޅެއް ނާޅާ ލަސްކުރާނަމަ އެހިތް އެހެންމީހަކު އަތުލަފާނެއޭ އަކްމަލްގެ ހިތް ބުނި ކަހަލައެވެ. އެއާއެކު ވަގުތުން އަކްމަލް، ޒީވާއަށް މެސެޖުކޮށްލިއެވެ.

“ޒީވް، އަހަންނާ ބައްދަލުކުރަން ކެރޭނެތަ؟” އަކްމަލްގެ މެސެޖުގައި އޮތެވެ.

“ގެއިން ނުކުންނަން އެހާ ފަސޭހައެއްނުވާނެ، އެކަމަކު ތިކަމާ ވިސްނާލަންޖެހޭނީ” އަކްމަލްގެ މެސެޖަށް ޒީވާ ޖަވާބުދިނެވެ.

ޒީވާ އެއްޗެއް ނުބުނެ ގިނައިރުވާން ފެށުމުން އަކްމަލް އަނެއްކާވެސް މެސެޖެއްކޮށްލިއެވެ. މިފަހަރު އޭނާ އެދުނީ ޒީވާގެ ކުލާސް ނިމޭގަޑިއަށް އޭނާއާ ބައްދަލުކުރަން އަކްމަލް އަޔަސް ހެޔޮތޯއެވެ. އެމެސެޖާމެދު ވިސްނާލަން އޮތް ޒީވާ ނޫނޭކޭ ބުނާކަށް ބޭނުމެއްނޫނެވެ. އެކަމަކު އޭނާ ގެއަށް އައުން ލަސްވެއްޖެނަމަ މަންމަމެން ސުވާލުކުރާނޭކަން ވެސް އެނގެއެވެ. އެމީހުންނަށް ދޮގެއް ހެދުމަކީ އެހާ ފަސޭހަކަމެއްނޫނެވެ. އަނެއްކޮޅުން އަކްމަލްއާ ބައްދަލުކުރަން ވެސް ބޭނުމެވެ. އޭނާ ޒީވާއާ ބައްދަލުކުރަން އެދުނު ފުރަތަމަ ފަހަރު ދެކޮޅު ހަދާކަށް ނުވާނޭ އަމިއްލަ ޟަމީރު ވެސް އެއްބަސްވިއެވެ. އިރުކޮޅަކު އެއްޗެކޭ ނުބުނެ އޮވެފައި ޒީވާ އަކްމަލްއަށް ޖަވާބު ދިނެވެ. އެޖަވާބު ވެގެންދިޔައީ ދެހިތަށްވެސް ހަމަޖެހުން ގެނުވި ޖަވާބަކަށެވެ.

“އަހަރެން ހީކުރީ އަހަންނަށް ޔަޝްފާދެކެ ލޯބިވެވުނީކަމުގައި، އެކަމަކު މިހާރު އެނގޭ އަދި ލޯތްބެއް ނޫންކަން ވެވުނީ، އަހަރެން މިހާރު ބޭނުމެއްނޫން އަހަރުމެންގެ މެދުގައި އޮތް ގާތް ގުޅުން އިތުރަށް ކުރިއަށް ގެންދާކަށް، ޔަޝްފާއަކީ ވަރަށް ރަނގަޅު ކުއްޖެއް، އަހަންނަށްވުރެ މާރަނގަޅު މީހުން ޔަޝްފާއަށް ލިބޭނެ، އުންމީދުކުރަން މިކަން ބިގް އިޝޫއަކަށް ނަހަދާނެކަމަށް، ކުރިން ވެސް އޮތް ރަޙުމަތްތެރިކަން އޮންނާނެކަމަށް، އެއްއޮފީހެއްގައި މަސައްކަތްކުރަން ޖެހޭއިރު ދެމީހުންގެ މެދުގައި ހައްލުނުވާވަރުގެ މައްސަލައެއް ޖެހޭކަށް އަހަރެން ބޭނުމެއްނޫން، އަދި ވަރަށް ރަނގަޅު އަހަންނަށް ނުގުޅިއްޔާ” އަދީލުގެ މެސެޖު ފެނުމާއެކު ޔަޝްފާއަށް ލިބުނީ ޝޮކެކެވެ. ދެލޯބޮޑުވެ އަނގަހުޅުވިފައި އެތަށްއިރަކު ފޯނަށް ބަލަހައްޓައިގެން އޭނާ އިނެވެ.

“އާދީ، ހަމަހޭގައިތަ ތިހިރީ، އަހަންނެއްނޫން އާދީ ގާތު ފުރަތަމަ ލޯބިވެޔޭ ބުނީ، އަހަރެން މޮޔަކުރުވި މީހަކީ ތީ، އެވަރަށް ލޯބިވީމާ ދޭން އެނގުނު އަގަކީ ތީތަ، އަހަރެންގެ ހުރިހާ އެއްޗެއް އާދީއަށް ޤުރުބާންކުރިން، އެހެންމީހަކަށް ދޭނޭ އެކައްޗެއް ވެސް އަހަރެންގެ އަތުގައި މިއަދު ނެތް، ތީ މަކަރުވެރިއެއްކަން އޭރު އެނގުނުނަމަ، އަހަރެންގެ މައިންބަފައިންނާ ބައްދަލުކުރާނަމޭ އާދީ ބުނީމެންނު، އެމީހުން ގާތު އަހަރެން އާދީގެ ވާހަކަދެއްކި ފަހުންތަ ތިހެން ހަދަންއެނގުނީ ވެސް، އަހަރެން ދުވަހަކު ވެސް އާދީއަށް މާފެއްނުކުރާނަން، ތީ ބޮޑު މަކަރުވެރިއެއް، އައި ހޭޓް ޔޫ” މެސެޖު ލިޔެފައި ފޮނުވާލިއިރު ޔަޝްފާގެ ދެއަތް ތުރުތުރުއެޅުމުގެ އިތުރުން އޭނާގެ ދެލޯ ކަރުނުން ފުރިއްޖެއެވެ. ހިނދުކޮޅެއްގެ ތެރޭ އޭނާގެ ދެކޯތާފަތް ތެމި ރޮނގުހަދާލާފައި ދަތްދޮޅިން ތިރިއަށް ކަރުނަތިކިތައް ފައިބައިގަތެވެ. މޫނުގައި އަތްއަޅާފޮރުވާލުމާއެކު ޔަޝްފާ ނުރޯން މަސައްކަތްކުރިއެވެ. އިތުރަށް އެހިތަށް ތަދުވީ ފޯނަށް އައި އަދީލު މެސެޖު ފެނުމުންނެވެ.

“އަހަރެން ކިތަންމެ ލޯބިވެޔޭ ބުންޏަސް ޔަޝްފާއަށް މަޖުބޫރެއް ނުކުރަން އަހަރެންދެކެ ލޯބިވެޔޭ ބުނާކަށް، އަހަރެން ޔަޝްފާގެ ނުރުހުމުގައި އެއްވެސްކަމެއް ނުކުރަން، ކުރިން ވެސް ބުނީމެންނު މިކަންތައް ބޮޑު އިޝޫއަކަށް ނަހަދާ ނިންމާލާށޭ، އަހަރެން ބޭނުމެއްނޫން އެއްގޮތަކަށް ވެސް މިކަމާ ގުޅޭގޮތުން ޔަޝްފާއާ ވާހަކަދައްކާކަށް، މީގެ ފަހުން އަހަރުމެން ދެމީހުންނަކީ ދެ ސްޓްރޭންޖަރސް ކަމުގައި ހީކުރޭ، ގުޑްބައި” ދެލޯ ފޮހެމުން ފޯނުގައި އޮތް މެސެޖު ދެފަހަރަށް ޔަޝްފާ ކިޔާލިއެވެ. އަރިއަކަށް އެނދުމައްޗަށް ވެއްޓިގަތުމާއެކު ޔަޝްފާ ބާލީހެއްގެނެސް އޭގައި މޫނުފޮރުވާލަމުން ބާރަށް ރޮއެގަތެވެ.

އަދީލު ފަދަ މީހެއްގެ ބަހަށް ހެއްލެވުނީތީ ޔަޝްފާ އޭނާގެ އަމިއްލަ ނަފްސު ކުއްވެރިކުރިއެވެ. ނަމަވެސް އޭނާއަށް އެންމެ ބޮޑަށް ވިސްނެނީ އަދީލާއެކު އެއްއޮފީހެއްގައި އުޅެންޖެހުމުން ދެންވާނޭ ގޮތަކާމެދުއެވެ. އެމީހުންގެ ދެމެދަށް މިއައި ދުރުކަމުގެ ހަޤީޤަތް ހޯދަން އޮފީހުގައި އުޅޭ އެކުވެރިން މަސައްކަތްކުރާނެކަން ޔަޝްފާއަށް އެނގެއެވެ. ޚާއްޞަކޮށް ޔަޝްފާގެ ރަޙުމަތްތެރިޔާ ޝަނޫޒާ އެހުރިހާކަމެއް އެނގެން ބޭނުންވާނެއެވެ. ކުރިންވެސް ޝަނޫޒާވަނީ އަދީލަކީ ރަނގަޅު މީހެއްނޫންކަމުގައި ބުނެފައެވެ. އޮފީހުގައި ދެކުދިން ވަކިވިއިރު އެދެކުދިންނާއެކު އަދީލު ގުޅުމެއް ހިންގާފައިވާކަމުގައި ޝަނޫޒާ ޝައްކުކުރަނީ ކީއްވެކަން އެނގެނީ ވެސް ހަމައެކަނި ޝަނޫޒާއަށެވެ. އެހެންވިޔަސް އޭނާގެ ވާހަކަ ޔަޝްފާއަށް ޤަބޫލުކުރެވުނު ނަމައެވެ. އަދީލުގެ އުޅުން ފެނިފައި އޭނާއަކީ އެހެން އުޅެދާނޭ މީހެކޭ އެކަކު ވެސް ނުބުނާނެއެވެ. ޔަޝްފާގެ ހިތް އޭނާ ހޯދީ ކިހާ މަސައްކަތަކުންހެއްޔެވެ. ވީއިރު މިދުވަސް ދެކެން ޖެހިދާނެކަމަކަށް ހީކުރެވިދާނެހެއްޔެވެ.

“ކީއްވެތަ ބަސްމަދުވެފައި ތިއިނީ” ބެލްކަނީގައި އެލުވާފައި ހުރި ވަށްއުނދޯލީގައި އިން ވާފިރަށް ދިޔާނަ ބުނެލިއެވެ.

“ކަމެއްނުވޭ، ދެން ގެއަށް ވެސް ދާންވީ، މިހާރު އެކެއްޖަހާ ދިޔައީ، އިރުކޮޅަކުން ނަބީހާ ގުޅާނެ” ދިޔާނާ ގެނައި ފެންތަށީގައި ހިފަމުން ވާފިރު ބުންޏެވެ. އެއާއެކު ވާފިރަށް ބަލަހައްޓައިގެން ހުރި ދިޔާނާ އެއްޗެއް ބުނަން އުޅެފައި ވެސް މަޑުކޮށްލިތަން ފެނުނެވެ. ހިތުގައިވާއެއްޗެއް ހާމަކުރަން އޭނާ ޖެހިލުންވީ ކަންނޭނގެއެވެ. އެއްއަތުން އަނެއްއަތުގައި ހިފަހައްޓާލައިގެން ވާފިރުގެ ކުރިމަތީގައި އޭނާ ހުރިއިރު އެމޫނުންކޮންމެވެސް ކަމެއް ދެނެގަންނަން މަސައްކަތް ކުރާކަހަލައެވެ.

“ދެން ދަނީ” ފެންތަށި ބޯލުމަށްފަހު ތަށި ދިޔާނާއަށް ދިއްކޮށްލަމުން ވާފިރު ތެދުވިއެވެ. އަދި ގާތް ގޮތަކަށް ދިޔާނާގެ ކޮނޑުގައި ފިރުމާލުމާއެކު ސިޓިން ރޫމު ދޮރާ ދިމާލަށް ހިނގައިގަތެވެ. އޭނާގެ ފަހަތުން ދިޔާނާ އައިސް ވާފިރު ނުކުންނަންދެން އޭނާއާއިއެކު ދޮރުކައިރީ މަޑުކޮށްލިއެވެ.

“ހެނދުނުން އިރާދަކުރެއްވިއްޔާ ދިމާވާނެއެންނު، ރަނގަޅަށް ދޮރުތައް ތަޅުލައްޗޭ” ވާފިރު އޭނާގެ ބޫޓަށް އަރާ ދޮރުން ނުކުންނަން ތައްޔާރުވެލާފައި ބުންޏެވެ. ލުއިހިނިތުންވުމަކާއެކު ދިޔާނާ ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ. އަދި ވާފިރު ނުކުތުމުން ދޮރު ލައްޕާތަޅުލާފައި ދޮރުފަތުގައި ލެނގިލަމުން ދެލޯ މަރާލިއެވެ.

“ވާފިރު ފަދަ މީހަކަށް ނަބީހާ ކަހަލަ އަނތްބެއް ލިބުނީތީ ހައިރާންވޭ، ކީއްވެބާ ނަބީހާ ދޫކޮށްނުލާ އެހުންނަނީ، ވާފިރުގެ ބޮލުގައެއް ވެސް އޭރުން ނުރިއްސާނެއެންނު، ނަބީހާ ނެތަސް ވާފިރަށް އުނިވާނީ ކޮންކަމެއް” ހިތާ ހިތުން ދިޔާނާ ވާހަކަދައްކަމުން ދިޔައިރު ހީވަނީ އެއީ އޭނާގެ އަމިއްލަ ޟަމީރާ ކުރާ ޝަކުވާއެއްހެންނެވެ. މަޑުމަޑުން ތުންފިއްތާލާފައި ދިޔާނާ ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ.

“އަދިވެސް ނުނިދަންތަ” ޝީރީނަށް ފުރަގަސްދީގެން އޮތް ލަބީބު މަގަތަށް ފުރޮޅެލި ވަގުތު ފޮތެއް ހިފައިގެން އޮތް ޝީރީން ފެނި ބުނެލިއެވެ.

“އަދި ނިދިނައިސްގެން މިއުޅެނީ” އަވަސް އަވަހަށް އަތުގައި އޮތް ފޮތް ތިރިކޮށްލަމުން ޝީރީން ބުންޏެވެ.

“ދެން ތިފޮތް ބާއްވާފައި ނިދަން އުޅޭ” ނިދީގެ ތެރެއިން އެއްކޮށް ހޭލަން ބޭނުންނުވެފައި އޮވެ ލަބީބު ބުނެލިއެވެ.

ޝީރީން “ހޫން” ލައްވާލާފައި ލަބީބަށް ބަލަން އިރުކޮޅަކު އޮތެވެ. އެހެންއޮވެފައި ލަބީބު އަނެއްކާވެސް ގަދައަށް ނިދައިފިކަން ޔަޤީންވުމުން ޝީރީން އެއްފަރާތަކަށް ޖެހިލާ ފޮތްހުޅުވާލިއެވެ. އޭނާގެ އަތުގައި އޮތީ ދިވެހި ވާހަކަފޮތެކެވެ. ފޮތްކިޔުމަށް ޝައުގުވެރިކަން ހުންނަ ޝީރީން އެންމެ ކިޔާހިތްވަނީ ވާހަކައެވެ. ބުކްޝޮޕްތަކަށް އޭނާ ނުގަންނާނެކަމަށް ވާހަކަފޮތެއް ނެރޭކަށް ލިޔުންތެރިއަކަށް ނުކެރޭނެއެވެ. ދަރިންނަށް ނަންކީ އިރުވެސް ޝީރީން ޚިޔާރު ކުރީ ވާހަކަފޮތްތަކުން އޭނާގެ ހަނދާނުން ފޮހެލަން ދަތިވި ނަންތަކެވެ. ދަރިންގެ ކިބައިގައި ފޮތްކިޔުމުގެ ހުނަރު ހަރުލީ ވެސް ޝީރީންގެ ސަބަބުންނެވެ.

ފުންނިންޖަކުން ނިދާފައި އޮތް ޒީވާގެ އަތުގައި އޮތް ފޯނު އޭނާގެ ގައިދަށުވެފައި އޮތެވެ. އަކްމަލްއާ ވާހަކަދައްކަން އޮއްވާ ނިދުނީ ކޮންއިރަކުކަމެއް އޭނާއަކަށް ނޭނގެއެވެ. ދެތިން ފަހަރު އަކްމަލްގެ މެސެޖެއް އައުމަށްފަހު އިތުރަށް ޚަބަރެއްނުވިއެވެ. ނިދީގައި އޮތް ޒީވާ ބަލަމުން އެދަނީ ފޮނި ހުވަފެނެއްކަމުގައި އޭނާގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން ހެކިދެއެވެ.

މުޅިން އާދުވަހެއް ފެށުނުއިރު ގޭތެރޭގެ މާހައުލަށް އެއްވެސް ބަދަލެއް ނާދެއެވެ. އެމީހެއް އެމީހެއްގެ ކަމަކައިގެން އުޅެއެވެ. ހެނދުނު ހެނދުނާ ގޭތެރެ ފަޅުވެއެވެ. އެންމެން އޮފީހަށް ދިއުމުން ނަބީހާ އައިސް އިނީ މެންދުރަށް ކައްކަން ވާއިރަށް ތަރުކާރީކޮޅު ސާފުކުރަން ސިޓިން ރޫމު ސޯފާގައެވެ. އެހެންއިންދާ ބޭރު ދޮރޯށިން ވަން މީހަކު ސަލާމުގޮވާލިއަޑުއިވުނެވެ.

“އާދޭ އެތެރެއަށް” ދޮރޯށިން ވަން މީހަކު ނުފެންނަނީސް ނަބީހާ މިހެންބުނެލީ އޭނާގެ ކަންފަތުގައި ޖެހުނީ ޒުބޭދާގެ އަޑުކަން ޔަޤީންވެގެންނެވެ.

“ހާދަ ފަސޭހައިން ވަންނާށޭ ތިބުނީ، ކޮންމެފަދަ މީހަކު ވެސް މިގަޑީގައި ވަދެދާނެއެންނު، މިގޭގައި މިގަޑީގައި ނަބީހާ ނޫން މީހަކު ނޫޅޭނެވިއްޔާ” އަނގަފުޅާކޮށްލައިގެން ހުރެ ޒުބޭދާ އައިސް ސިޓިންރޫމަށް ވަނެވެ.

“ތިކަންވެސް މިހިސާބުގަނޑު މީހުންގެ ތެރެއިން ޒުބޭދާ ނޫންމީހަކަށް ނޭނގޭނެ، އަހަރެން އެކަނިއުޅޭތީއޭ ކިޔާފައި އަނެއްކާ މިގެއަށް މީހަކު ވައްދަންތަ ޒުބޭދާ ތިއުޅެނީ” ސަމާސާ ރޭގެއްގައި ނަބީހާ ބުނެލިއެވެ.

“ދެން މަށެއް އެހެނެއް ނަހަދާނެއެންނު” ނަބީހާ ގާތު ސޯފާގައި އިށީން ޒުބޭދާ ބުނެލިއެވެ.

“އޭތް! އަހަންނަށް މިއަދު އެހެންޏާ ނުފެންނަ މަންޒަރެއް ފެނިއްޖެ” ނަބީހާ ތަރުކާރީކޮޅު ސާފުކުރަމުން ޓީވީން ދައްކަމުންދިޔަ ހިންދީ ޑްރާމާ ބަލަން އިންދާ އޭނާގެ ސަމާލުކުރަން ޒުބޭދާ ހޯދިއެވެ.

“އަނެއްކާ ކޮންމަންޒަރެއް، ވާފިރުގެ ކަންތައް ދޯ” ނަބީހާ މޫނު ހަދާލަމުން ބުނެލިއެވެ.

“ނޫނޭ އެވާހަކަ އިހަށް ބާއްވާބަލަ، މިއަދު ޓެރެސްގައި ގަސްމުށިތަކަށް ފެންދޭންހުއްޓާ މިގޭ އަކްމަލް މާރީތިވެގެން ގެއިން ނުކުތްތަން ފެނުނު، އަނެއްކާ އެސޮރަށް ވަޒީފާ ހަމަޖެހުނީތަ، އެހާ ރީތިވެގެން ވިއްޔާ ހުރީ” ޒުބޭދާ ހީވީ ނަބީހާގެ އަޑި ކޮނެލަން އުޅުނުހެންނެވެ.

“އާން! އުޅެނިކޮށް އުޅެނިކޮށް ވަޒީފާގަނޑެއް އޭނާއަށް ލިބިއްޖެ، ނަސީބެންނު އެވެސް” ނަބީހާ މާބޮޑު ފަރުވާލެއްނެތި ބުނެލިއެވެ.

“މިގޭގައި އެންމެ ބަސްއަހާ ކުއްޖާ ދޯ އެއީ، ހާދަ މަޑުމަޑުންނޭ ހުންނަނީ، އަހަންނަށް ޔަޤީން ނަބީހާ ހުރިހާ ކުދިންނަށްވުރެ އަކްމަލް ހަރުދަނާ ވާނެކަން” ޒުބޭދާ އޭނާ ބުނިއެއްޗަކަށް ބާރުދެމުން ބޯޖަހާލިއެވެ.

“އަހަރެން ހުރިހާ ކުދިންވެސް ބޮޑުކުރީ ރަނގަޅަށް، ދެން އެމީހުން ބޮޑުވެގެން އުޅޭނޭގޮތެއް އެނގޭނީ އެމީހުންނަށް، އަހަރެން އެކަހަލަ ކަންކަމަކާ ނުބެހެން، ޒުބޭދާ، ކޮންއިރަކުންތަ ކަލޭގެ ސިމާކު މާލެ އަންނަނީ” ނަބީހާ އަހާލިއެވެ.

“މީ ފަހު އަހަރު، އެސޮރު ވަރަށް މޮޅޭ، ވަރަށް ކިޔަވާ” ފޮނިގޮތަކަށް ޒުބޭދާ ބުނެލިއެވެ.

“ކީއްވެތަ ސިމާކު ކިޔަވަން ބޭރަށް ފޮނުވިއިރު ތިގޭ ސިމާނާ ނުފޮނުވީ، އަހަރެން އަޑުއެހިން މިހާރު އެމަންޖެ އުޅެނީ މީހަކާ އިންނާށޭ” ނަބީހާ ބުނި އެއްޗަކާ ޒުބޭދާ މާގަޔާވިހެނެއް އޭނާގެ މޫނުމައްޗަށް އަރާފޭބުކުލަވަރުން ހިޔެއްނުވެއެވެ.

“އޭނާ ބޭނުންވިނަމަ އޭނާގެ ބައްޕަ އެކަން ނުކޮށްދީހެން ނުހުންނާނެއެންނު، ދެން ތިޔެއްނޫނޭ، ހަސަނު ރޭގައި ވެސް ބުނި އޭނާގެ ރެސްޓޯރެންޓްތަކުން ރެސްޓޯރެންޓަކަށް ފައިސާ ނަގަން ދިޔައިރު އެތަނުން ވާފިރު ދެކުނު ވާހަކަ، ވަރަށް ނަލަ އަންހެނަކާ އެކުއޯ، އޭނާ ސިފަކިޔައިދިނީމަ މަށަށް ވަގުތުން އެނގުނު އެއީ އެނަބީލުގެ ހުވަފަތް އަނބިކަން، އޭނާ ކަލޭގެ ވާފިރު ގޮވައިގެން ރެސްޓޯރެންޓުތަކުން ކީއްތަ އެކުރަނީ، ގޮސް ވަދެއިންނައިރު ނޭނގޭތަ އެއީ ހަސަނު ހިންގާތަނެއްކަމެއް، އޭނާއަށް ފެނިއްޖެއްޔާ މަގޭ ގާތު ބުނާނެކަމެއް، ދެން މަށަށް އެނގިއްޖެއްޔާ ނަބީހާގެ ކަންފަތާ ހަމައަށް ނުފޯރައެއްނޯންނާނެ އެންނު ދޯ” ޒުބޭދާ ވަގުތުން ވާހަކަ ބަދަލުކޮށްލިއެވެ. ނަބީހާގެ ހިތްނުތަނަވަސްވާގޮތްވިއެވެ. ވާފިރު އޭނާއަށް ބޭފަރާތެރިވެދާނެ ހެއްޔެވެ. މިސުވާލު އަމިއްލަ ޟަމީރާ އެތަށް ފަހަރަކު ނަބީހާ ކުރިއެވެ. ނަމަވެސް ޖަވާބަކީ ނޫނެކޭއެވެ. ވާފިރުގެ ހެޔޮކަމާ އޭނާ ނަބީހާއަށް ވަގުތު ހުސްކުރަން ކުރާ މަސައްކަތަކީ ދެއްކުންތެރިކަމުގައި ޤަބޫލެއް ނުކުރެވެއެވެ.

“ޒުބޭދާ، ވާފިރަށް އެރެސްޓޯރެންޓަކީ ހަސަނުގެ ތަނެއްކަން ނޭނގިއެއް ނޯންނާނެ، އޭނާ އަހަންނަށް ސިއްރުން ކަމެއްކުރަންޏާ ގޮސް ކުރަން މާރަނގަޅު ތަންތަން ހުންނާނެ ދޯ، އޮފީހުން ބޭރުގަވެސް އެމީހުންގެ ބައްދަލުވުންތައް އޮވޭ، އޮފީހުގައި ދެމީހުންތިބެ މަޝްވަރާކުރުމަށްވުރެ އަހަރެންގެ ހިތަށް ފަސޭހަ އެމީހުން ރެސްޓޯރެންޓެއްގައި ތިބެ މަޝްވަރާކުރާކަން ވެސް، ގައިމުވެސް އެންމެންގެ ކުރިމަތީ ގޮތްގޮތަކަށް ނޫޅެވޭނެއެންނު” މަޑުމައިތިރިކަމާއެކު ނަބީހާ މިހެން ބުނެލީ ވަރަށް ވިސްނާފައެވެ.

“އަހަރެން ނުބުނަމޭ ވާފިރު ގޯހެކޭ، އަންހެނަކު އަބަދު ގާތުގައި އުޅޭކަމަށްވަންޏާ ފިރިހެނުންގެ ހިތްވެސް ނިކަން ފަސޭހަވާނެ އެދިމާލަށް ލެނބޭލެއް، ތިހެންހުއްޓާ ވާފިރު އެހެންދިމާލަކަށް ހިނގައްޖެއްޔާ ކިހާ ދެރަ” ޒުބޭދާ، ނަބީހާގެ ކޮނޑުގައި އަތްޖައްސާލަމުން ބުނެލިއެވެ.

“ދެން ނޭނގެ، ޒުބޭދާ ބުނެބަލަ، އަޅެ ހަސަނު އެކަހަލަ ގޮތަކަށް އުޅެދާނޭތީ ބިރެއްނުގަނޭތަ، ހަސަނު، ޒުބޭދާ ދޫކޮށްލައިފިއްޔާ ދެން ކިހިނެއް ހަދާނީ، ރަށަށް ދާނީތަ” މާޔޫސްވެފައި އިން ނަބީހާ މިހެންބުނީ ކޮންމެހެން ޒުބޭދާއަށް ޖެއްސުމަކަށް ނޫނެވެ. އޭގެ ބަދަލުގައި އެފަދަ ހާލަތެއްމެދުވެރިވެއްޖެނަމަ ޒުބޭދާ ހަދާނީ ކިހިނެއްތޯ އޮޅުން ފިލުވުމުގެ ބޭނުމުގައެވެ. ނަމަވެސް ޒުބޭދާއަށް ވިސްނުނީ ދިމާ އިދިކޮޅަށެވެ.

“ކީކޭ! މަގޭ ހަސަނު، އޭނާއެއް ނޫޅޭނެ، އަހަރެން ހުންނަނީ ދުރުނުވެވޭވަރުކޮށްލާފައި، ނުކެރޭނެ އެހެން އަންހެނެއްގެ ފަހަތުން ދާކަށް، ލާހިކު ކުޅަދާނައެއްނޫން، އެދުވަސް ދެކޭކަށް ނުވެސްޖެހޭނެ، އެހެންވެ އެކަމާ އަހަންނެއް ނުވިސްނަން، އަނެއްކާ ހަސަނަކީ އޭނާގެ އަމިއްލަ ވިޔަފާރި ހިންގާ މީހެއް، އެކަހަލަ އަނބިންގެ ލޯތަކެއް އަމާޒެއްނުވާނެ” ޒުބޭދާގެ އަޑު ތަފާތުވިއެވެ.

“ސާބަސް ޒުބޭދާ، އެއީ އަހަރެން އެހެންބުނިއެއްޗެއް ނޫނޭ، ހަސަނަކީ ވެސް ފިރިހެނެއް، މިހާރު މިއުޅޭ ފިރިހެނުންގެ ގޮތެއް ނޭނގޭނެ، ޒުބޭދާ ވެސް އެހެން ބުނި ހަނދާނެއް އަހަރެންވޭ، ދެން ބުނެބަލަ، ހަސަނު ކީކޭތަ ބުނީ، ތިބުނާ ރެސްޓޯރެންޓެއްގައި ކިހާއިރެއްވާންދެން ވާފިރުމެން ތިބިތަ” ނަބީހާ އިތުރަށް އޮޅުން ފިލުވާހިތްވިއެވެ. އަނެއްކޮޅުން ވާފިރު އޭނާ ގާތު އެކަހަލަ އެއްވެސް ވާހަކައެއް ރޭގައި ނުބުނާތީ އެކަމާ ވެސް އިނީ ސުވާލު އުފެދިފައެވެ.

“އޭނާ މާބޮޑު އެއްޗެކޭ ނުކިޔާ، ބުނީ ވާފިރާއި ނަބީހާ ރަނގަޅު ހޯ، މާގިނައިން އެ ރެސްޓޯރެންޓުން ވާފިރު އެހެން އަންހެނަކާއެކު ފެންނާތީ އޯ، އަހަރެން ބުނިން ހަސަނު ގާތު ވާފިރު ގޮތްގޮތަކަށް ނޫޅޭނޭ، އެވާނީ ވާފިރުގެ އޮފީސް ބޮޑުމީހާ އަށޭ” މަތި އޮމާންކޮށްލާ ކަހަލަ ގޮތަކަށް ޒުބޭދާ ބުންޏެވެ. އެހިނދު ނަބީހާގެ ތުންފަތުގައި ދުވެލީ މާނަފުން ހިނިތުންވުމެކެވެ. ހީވާކަހަލަ އެވެ. ޒުބޭދާގެ އެހެދީ ދޮގެއްކަން ނަބީހާއަށް އެނގޭކަމެވެ.

“އަހަރެން މިދަނީ އެފެރާތަށް، މިތަރުކާރީކޮޅު މަޑުކޮށްލާ ހަދާލަން” ނަބީހާ ތެދުވުމުގެ ކުރިން ބުނެލިއެވެ.

“އަހަރެން ވެސް ދެން މިދަނީ ދާން، މި ހަމަވަދެލީ، އަންނައްޗޭ ހަވީރު ސައިބޯން، މިއަދު މިއުޅެނީ ދެތިންވައްތަރެއް ގޭގައި ހަދާލަންކަމަށް” ޒުބޭދާ މިހެންބުނެ ތެދުވިއެވެ.

“ދެވޭތޯ ބަލާނަން، އެންމެން އޮފީހުގައި އުޅެފައި ގެއަށް އަންނަ ގަޑިވީމާ ފަސޭހައެއްނުވާނެ ބޭރަށް ނުކުންނާކަށް” ނަބީހާ ބުންޏެވެ. އަދި ހުރިހާ ތަށިތަކެއް ހިފަހައްޓާލައިގެން ޒުބޭދާ ނިކުމެގެން ދަންދެން ދޮރާ ދިމާލަށް ބަލަންހުއްޓެވެ.

“އޭތް! ފައިސަލް، އާދެބަލަ، ކޮންނަމެއްތަ އަލަށް ގެނައި ކުއްޖާއަށް ކިޔަނީ” އެއްފަރާތަށް އަކްމަލް ޖެހިލިތަން ބަލަންތިބެފައި ސައިކޮޓަރީގައި އެއްވެ ތިބި އަންހެން ގުރޫޕުގެ ތެރެއިން ނަޖުވާގެ އަޑުއިވުނެވެ. ފައިސަލް، އަކްމަލްއަށް ބަލާލުމަށްފަހު ނަޖުވާގެ ގާތަށް ގޮސް ހުއްޓުނެވެ.

“ކީއްކުރަން އޭނާގެ ނަން ހޯދަނީ، ތިގުރޫޕަށް ވައްދަންތަ، އެކަމަކު އެއީ ކަލޭމެންގެ ބޮއީއެއްހެން އުޅޭނޭ ސޮރެއްނޫން، އެއީ މަގޭ ޕާޓެއް” މިހެންބުނެ ފައިސަލް ހީނލިއެވެ.

“އެކަހަލަ ސަޅި ބިޓެއް އަހަރުމެންގެ ބޯއީއަކަށް ނުގެންގުޅޭނެއެންނު، އަތުގައި ހިފައިގެން ހިނގާލަން ވަރަށް ކަމުދޭ” ގުރޫޕުގަނޑުގެތެރެއިން އެކަކު ބުނެލިއެވެ.

“ދެން ފައިސަލް، އަޅެ ބުނެލަބަ އޭނާގެ ނަން، އެހެންނޫނީ އެޗް.އާރްގެ ކަލާމް ގާތު އަހައިގެން ހުރިހާ ވަނަވަރެއް ހޯދާލަ ފާނަން، އަހަރުމެންނަށް ނުހޯދޭނެކަމަށް ނުބުނު ނުހުންނައްޗޭ” ނަޖުވާ އާދޭސްކޮށްލާފައި ވެސް ގަދަކޮށްލިއެވެ.

“އަކްމަލް ކިޔަނީ، ސޭޑް ނިއުސްއެއް ދެންތަ، އަހަންނަށް ހީވަނީ އޭނާ އުޅެނީ ކުއްޖަކާ ރައްޓެހިވެގެންހެން، ސޯ ނޯ ޗާންސް، ކަލޭމެން އެހެންމީހަކު ހޯދައިގެން ގޮސިޕްކޮށްލާ، މަމި ދަނީ” ފައިސަލް ލާނެތްގޮތަކަށް ހިނިގަނޑެއް ޖަހާލާފައި ކޮފީތަށި ހިފައިގެން އަކްމަލްއާ ދިމާލަށް އައެވެ.

“ދުވަސްކޮޅަކަށް ތީ މިއޮފީހުގެ ފަލަސުރުޚީ” ފައިސަލް އައިސް އަކްމަލްގެ ގާތުގައި މަޑުކޮށްލުމާއެކު ހިނިއައިސްފައި ހުރެ ބުނެލިއެވެ. އެއާއެކު އަކްމަލް އޭނާއަށް ބަލާލީ އެބުނީ ކީކޭކަން ނޭނގިގެން ބަލާލި ފަދަ ގޮތަކަށެވެ.

މަސައްކަތްތައް ކުރިއަށް ދާވަރަކަށް ވާނުވާ އަކްމަލްއަށް އެނގެމުންދިޔައެވެ. އެންމެ ކުރާހިތްވާ މަސައްކަތަށް ނުވިޔަސް އަކްމަލް ހުރިހާކަމެއް ކުރަމުން ގެންދިޔައީ ފަރުވާތެރިކަމާއެކުއެވެ. ފައިސަލްގެ އިރުޝާދާ އެހީތެރިކަމާއެކު ކަންކަން ދަސްކުރަން މާބޮޑަށް ވެސް ފަސޭހަވެގެންދިޔައެވެ. ސަމާސާ މާހައުލެއްކަމަކު ވެރިންގެ ކުރިމަތީ އެންމެން ވެސް އެކަކު އަނެކަކަށް އިޙުރިތާމު ކުރާކަން އަކްމަލްއަށް ފާހަގަކުރެވުނެވެ. އޮފީހުގައި ގިނައީ އަންހެން ކުދިންނަށް ވާއިރު އެމީހުންގެ ނުފޫޒު ކަންކަމަށް ވަރަށް ބޮޑެވެ. އަނެއްކޮޅުން އޮފީހުގައި ކަންކަން އިންތިޒާމުކުރުގައި އިސްކޮށް އުޅޭތަން ވެސް ފެންނަނީ އޮފީހުގެ އަންހެން ސްޓާފުންނެވެ. މަސައްކަތުގެ މާހައުލުގައި އުމުރުގެ ތަފާތެއް ފާހަގައެއް ނުކުރެވެއެވެ. އެންމެން ވެސް އުޅޭނީ ވަރަށް ގުޅިގެން ކަމަށް ވާތީ އެ ފަރަގު ނުފެންނަނީ ކަންނޭނގެއެވެ. އެހެންވިޔަސް ދެދުވަހުން ބައެއްގެ ގޮތެއް އަދި ނޭނގެނެތާއެވެ.

“އުމުރު ހުސްވިޔަސް، މީހުންގެ ގޮތެއް ދަހެއްނުވާނެ” ކޮމްޕިއުޓަރުގެ ސްކްރީނަށް ބަލަހައްޓައިގެން އިނދެ ޔަޝްފާ ބުނެލިއެވެ.

“ހާދަ ފާޑަކަށް ތިބުނީ، އަހަންނަށް އޭރުވެސް އެނގުނު ޔަޝްއަށް ކޮންމެވެސް ކަމެއް ވެއްޖެކަން، ދެން މިހާރު އަހަރެން ގާތު ބުނަންވެއްޖެ އެންނު، ކިހާއިރެއް މިހެން ކިޔާތާ” ފުރޮޅުލާފައި ހުރި ގޮނޑީގައި އިނދެފައި ޔަޝްފާގެ ގާތަށް ދުއްވާލަމުން ޝަނޫޒާ ބުންޏެވެ. އަދި ޔަޝްފާގެ މޭޒުގައި އެއްއަތް އަޅުވާލަމުން އަނެއް އަތުން ޔަޝްފާގެ ކޮނޑުގައި ހިފައި އޭނާއާ ދިމާލަށް އަނބުރާލިއެވެ.

“ޝަނޫ، ކީއްވެތަ ޝަނޫ ކިޔަނީ އާދީއަކީ ގޯސްމީހެކޭ، ވިޔާނުދާ މީހެކޭ” ޔަޝްފާ ވާހަކަދެއްކިއިރު އޭނާގެ އުދާސްވެފައިވާ މޫނުން ޝަނޫޒާއަށް އެތައްކަމެއް ފެނިގެންދިޔައެވެ.

“ކިހިނެއްވީ؟ އަދީލު ކަމެއްކުރީތަ؟ އޯ ޕްލީޒް، ނުބުނާތި އަދީލާއެކު ޔަޝް ތަނަކަށް ދިޔަވާހަކަ” ޝަނޫޒާ ކަންބޮޑުވެފައި ބުނެލިއެވެ.

“ޝަނޫ…” ޔަޝްފާ ފެންކަޅީވާގޮތްވިއެވެ. އެހިނދު އަވަސް އަވަހަށް ޝަނޫޒާ، ޔަޝްފާގެ އަތުގައި ހިފާނެގިއެވެ.

“ހިނގާ އަހަންނާއެކު ފާޚާނާއަށް” ދެފަރާތަށް ބަލާލުމާއެކު ޝަނޫޒާ މިހެންބުނެ ޔަޝްފާ ގޮވައިގެން އޮފީހުގެ ފާޚާނާއަށް އައިސް ވަނެވެ.

“ދެން ކިޔައިދީބަލަ، ކީއްކޮށްގެން ތިއުޅެނީ” އަދިވެސް ޝަނޫޒާ ހުރީ ކަންބޮޑުވެފައެވެ. އޭނާއަށް އަދީލުގެ ގޮތް އެހާ ރަނގަޅަށް އެނގެންވީ ސަބަބެއް ޔަޝްފާއަކަށް ނުވިސްނެއެވެ.

“އައިއެމް ސޮރީ، އަހަންނަށް ޝަނޫ ގާތު ބުނަން ނުކެރުނީ، ޝަނޫ ބުންޏެއްކަމަކު އަހަންނަށް އާދީއަށް ނޫނެކޭ ބުނަން ނުކެރުނީ، ހުރިހާކަމެއް މިއަދު ބަދަލުވެއްޖެ” ވާހަކަދައްކަމުން ޔަޝްފާއަށް ރޮވިއްޖެއެވެ.

“އޭނަ… އޭނަ ރުޅިވީ ދޯ” ބުނަން ބޭނުންނުވެފައި ހުރެ ވެސް ޝަނޫޒާ ބުންޏެވެ. އެއާއެކު ރޮމުން ރޮމުން ޔަޝްފާ ބޯޖަހާލިއެވެ. އެވަގުތު ޝަނޫޒާ ފުންނޭވާއެއް ލުމާއެކު އޭނާގެ ދެކޮނޑުއެލި ލޯމަރާލީ އެކަން އެގޮތަށް ވާނޭކަން މާކުރިންވެސް އޭނާއަށް އެނގޭކަހަލަ ގޮތަކަށެވެ.

“ޝަނޫ، އަހަންނަށް އެނގޭ ޝަނޫ ވެސް ކަމެއް އަހަންނަށް ސިއްރުކުރާކަން، އާދީއާ ބެހެގޮތުން އެއްވެސްކަމެއް އެނގޭނަމަ އަހަންނަށް ނުފޮރުވާ ކިޔައިދީބަލަ، އަހަރެން މިހާރު އާދީދެކެ ވަރަށް ލޯބިވޭ، އޭނާ އަހަރެންގެ ހިތް ހޯދަން ކުރި މަސައްކަތް މިވަނީ ކާމިޔާބުވެފައި، އެކަމަކު އަހަރެން އެ ހިތް ބޭނުންވި ވަގުތު އެ ހިތެއް އަހަންނަކަށް ނުލިބުނު” ޔަޝްފާ ދެލޯ ފޮހެލަމުން ބުނެލިއެވެ.

“ދެން ނުރޮއެ، ފަހުން މިކަމާ ވާހަކަދައްކާނީ، މިރޭ އަހަރެން ދާނަން ޔަޝްމެން ގެއަށް، އޮފީހުގައި އެއްވެސް ވާހަކައެއް ދައްކާކަށް އަހަރެން ބޭނުމެއްނޫން، ޔަޝް ވެސް އެކަކު ގާތު ވެސް އަދީލޭ ކިޔައިގެން އެއްވެސް އެއްޗެއް ބުނާނެކަމެއްނެތް، މޫނު ދޮވެލައިގެން ހިނގާ” ޝަނޫޒާ ބުނެލިއެވެ.

އޮފީހުގައި އިނދެވެސް ދޭތެރެއަކުން އަކްމަލް، ޒީވާއަށް މެސެޖުކޮށްލައެވެ. ޒީވާ ބަލާ ދާނަންކަމުގައި ބުނެ ހަނދާންކޮށްދިނެވެ. އަދި އޭނާ ހުރީ ކައިގެންތޯ އާއި މިހާރު ކުރަނީ ކީއްތޯ ވެސް އަކްމަލް ބަލައެވެ. މަސައްކަތްތައް ނިންމާލާފައި މިއަދު ވެސް އަކްމަލް އޮފީހުން ނުކުތީ ފައިސަލްއާއެކުއެވެ. ދެމީހުން ދެކޮޅަށް ހިނގައިގަތީއެވެ.

ޒީވާއަށް ހަވީރު ކޮލެޖަށް އަންނަން ޖެހުނީ ހިނގާފައެވެ. އެކަމުގެ ސަބަބުން އޭނާގެ ފަހަތުން އަންނަ ޒުވާނާއަށް ފުރުޞަތު ލިބިގެން ދިޔައެވެ. ފޫހިވެފައި ހުރެ އައިސް ކޮލެޖަށް ޒީވާ ވަނީ ނިމޭގަޑީގައި އަކްމަލްއާ ބައްދަލުވާނޭކަމުގެ ޚިޔާލުގައި ހުރެ ހިތްހަމަޖައްސާލައިގެންނެވެ. ފަހަރެއްގައި އަކްމަލްއާއެކު ހުއްޓާ ފެނުމުން އެޒުވާނާ ޒީވާގެ ފަހަތުން އައުން ހުއްޓި ދާނެކަމުގައި ވެސް ޒީވާއަށް ހީވާތީއެވެ.

ތާޒާވެލައިގެން ނުކުން އަކްމަލް އަވަސް އަރުވާލާފައި ގެއިން ނުކުމެގެން ދިޔައެވެ. އޭނާ ނުކުތްތާ ދިހަވަރަކަށް މިނެޓުފަހުން އަދީލު ވެސް ގެއިން ނުކުމެއްޖެއެވެ. ސައިރިކްސް ކޮލެޖުގެ ދޮރާދިމާލަށް ހިނގަމުން އައި އަކްމަލް އެރުމުގެ ކުރިން ސައިކަލު މަތީ އިން އޭނާގެ ބޭބެ ލޮލުގައި އަޅައިގަތުމުން ހުއްޓުން އެރިއެވެ. އަވަސް އަވަހަށް ދިމާލަށް ޖެހިލާ ނިވާވެލިއެވެ.

“ދޮންބެ މިތާ ކީއްކުރަނީ، އަނެއްކާ ބިޓު ބަލާ އައިސްކަންނޭނގެ” ޕާކުކޮށްފައި އޮތް ކާރެއްގެ ނިވަލުގައި ހުރި އަކްމަލްގެ ހިތަށް އެރިއެވެ. އިތުރަށް ކުރިއަށް އަންނާކަށް އަކްމަލްއަކަށް ނުކެރުނެވެ. އަދީލަށް އޭނާ ފެންނަން ބޭނުންނުވާތީއެވެ. އެހެންވެ ޒީވާގެ ގަޑި ނިމިގެން ނުކުންނަން ދެން އޭނާ ދުރުގައި މަޑުކޮށްލައިގެން ހުރީއެވެ.

ސައިރިކްސް ކޮލެޖުގެ ދޮރޯށިން ކުދިންތައް ނުކުންނަން ފެށުމާއެކު އަކްމަލްއަށްގެ ނަޒަރު އެދިމާލަށް އަމާޒުކޮށްލައިގެން ހުއްޓެވެ. އެހެންހުއްޓާ ދެކުއްޖަކާއެކު ޒީވާ ނުކުންތަން އަކްމަލްއަށް ފެނުނެވެ. އަދި އޭނާ ދެކޮޅު ހޯދާލިކަން ފާހަގަކުރެވުމުން އަކްމަލް، ޒީވާގެ ފޯނަށް ގުޅިއެވެ. އެވަގުތު ސައިކަލުގައި އިން އަދީލު ވެސް ތެދުވިތަން ފެނުނެވެ.

“ޒީވް، އަހަރެން މިހިރީ ގޯޅި ކުރިމަތީ އޮތް ޓެކްސީ ކައިރީ، ތިތާ ކައިރިއަށް މިވަގުތު ދެވޭކަށްނެތް، މިކޮޅަށް އަންނަންވީނު، ތަންކޮޅެއް އަވަހަށް އަންނައްޗޭ” އަދީލަށް ނަޒަރު ހުއްޓާލައިގެން ހުރި އަކްމަލް ބުންޏެވެ. އެއާއެކު ޒީވާ އޭނާ ހުރި ދިމާލަށް އަންނަން ހިނގައިގަތްތަން އަކްމަލްއަށް ފެނުނެވެ. އޭނާ ވެސް ކާރުގެ އެއްފަރާތަށް ކުޑަކޮށް ނުކުމެލާފައި ޒީވާއަށް އަތްހޫރާލިއެވެ. ދުވެލާފައި އައިސް ޒީވާ، އަކްމަލްގެ ގާތުގައި މަޑުކޮށްލުމާއެކު ކުރިމަތީ އޮތް ހިމަމަގާ ދިމާލަށް އަކްމަލް، ޒީވާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ހައިރާންވެފައި ޒީވާ، އަކްމަލްއަށް ބަލާލީ އޭނާގެ އަތުގައި ހިފުމުންނެވެ.

“ސޮރީ…އެތަނުގައި އަހަރެންގެ ދޮންބެ ހުރީމަ، އޭނާއަށް މިފިލަނީ” އަދީލަށް ފިލިއްޖެކަން އެނގުނުއިރު އަކްމަލްއަށް ހުރެވުނީ ޒީވާގެ އަތުގައި ހިފައިގެން އެނގުނީ ދެނެވެ. އެހެންވެ އެ އަތުން ދޫކޮށްލީ ނިކަން އަވަހަށެވެ.

“އަކްމަލް އަންނަކަން އެނގިގެންތަ ދޮންބެ އެއައީ” ޒީވާ ދެއަތުން ފައިލު ގެނެސް މޭގައި ޖައްސާލަމުން އަހާލިއެވެ.

“ނޫން، އެވާނީ ދޮންބެ ބިޓު ބަލާ އައިސް ހުރީ ކަމަށް، ފެނިއްޖެއްޔާ ކަމަކު ނުދާނެ އެންނު، އޭރުން ވަރަށް ސުވާލުކުރާނެ” ހިނިއައިސްފައި ހުރެ އަކްމަލް ބުނެލިއެވެ.

“ކޮންތާކަށް މިދަނީ” ޒީވާ މަގަށް ބަލާލަމުން އަހާލިއެވެ.

“ވަކިތަނެއްނެތް، މިހެން މިހެން ގޮސް ޒީވްގެ ގެޔާ ހަމައަށް ދެވިދާނެ، އެންމެ ރަނގަޅުތަ” އަކްމަލް މިހެން ބުނުމުން ޒީވާ ބޯޖަހާލީ އެންމެ ރަނގަޅު ކަމުގައި ބުނުމުގެ އިޝާރާތެއްގެ ގޮތުންނެވެ. ދެއަތް ދޫކޮށްލާފައި އޮތުމުން ފަޅުކަމެއް އިޙްސާސް ކުރެވިގެން ފަޓުލޫނު ޖީބަށް ދެއަތް ޖަހާލި އަކްމަލް، ޒީވާއަށް ބަލާލިއެވެ. އެދެމެދުގައި އަދިވެސް ދުރުކަމެއް ހުއްޓެވެ. ވާހަކަދައްކަން ޖެހިލުންވަނީ އެހެންވީމަ ތާއެވެ.

“އަހަރެން އަންނަން ޒީވް ޤަބޫލުވީމާ ވަރަށް އުފާވި، ޒީވް، ކީއްވެތަ އެކަނި ގެއަށްދަނީ” އަކްމަލް ވާހަކައެއްފެށޭތޯ އުޅުނެވެ.

“އެވެސް އަހަރެންގެ ކަންތައް، މަންމަމެން ގާތު ޒީވް އަމިއްލައަށް ބުނީ ކޯހަށް ވަދެވުނީމާ ކިޔަވަންދާނީ އެކަންޏޭ، މިހާރު ޒީވް ބޮޑުވެއްޖެޔޭ، އަސްލު ނޭނގޭނެއެންނު މިހެން ވާނެކަމެއް” ޒީވާ ތުންފިއްތާލިއެވެ.

“ތަފާތު މީހުން އުޅޭނެ، އަސްލުނުވާނެ އަންހެން ކުއްޖަކު ތިހެން އެކަނި ދާކަށް، އެހެންވެއޭ މީހުންނަށް އެކެރެނީ އެގޮތަށް ދިމާކުރަން” އަކްމަލް ބުނެލިއެވެ.

“މިހާރު ދެން ނުކެރޭނެ މަންމަ ގާތު ބުނާކަށް، އަނެއްކާ މަންމައަށް ވެސް ކިހާ ބުރަވާނެ، ގޭގެ ކަންތައްތައް ކޮށްފައި ކޮއްކޮމެންގެ ކަންތައްތައް ކުރުމުގެ އިތުރުން އަހަރެން ތަންތަނަށް ގެންގޮސްދޭން ދާންޖެހުނީމަ މަންމައަށް އެއްވެސް ހުސްވަގުތެއް ނޯންނާނެ، ދެން މި ވިސްނަނީ ސައިކަލު ދުއްވަން ދަސްކުރީމާ މީހުންގެ ފަރާތުން އެކަހަލަ އުނދަގުލެއް ނުފޯރާނެ ކަމަށް” ޒީވާ ކިޔައިދިނެވެ.

“ތިވެސް ރަނގަޅު ޚިޔާލެއް، އިހަށް ސައިކަލު ދުއްވަން ދަސްވަންދެން ކޮންމެ ރެއަކު އަހަރެން ޒީވް ބަލާ އަޔަސް އެންމެ ރަނގަޅުތަ، މިގަޑީގައި އަހަރެން ކުރާނެ އެއްވެސް ކަމެއް ނޯންނާނެ، ޓޯޓަލީ ފްރީ، އަހަންނަށް އެއްވެސް އުނދަގުލެއް ނުވާނެ ޒީވް ބަލާ އަންނަން ޖެހިގެން، އެކަމަކު އަހަންނަކަށް ސައިކަލެއްގަ ނޫނީ ކާރެއްގައެއް ޒީވް ގެއަކަށް ނުގެންދެވޭނެ” އަކްމަލް ބުނެލިއެވެ.

“އަކްމަލް ބޭނުމިއްޔާ އަޔަސް އެންމެ ރަނގަޅު، ދެން ބުނަން ޒީވްއަކީ ތި ހީކުރާހާ ހިތްމޮޅު މީހެއް ނޫން، ޒީވް ބޮޑުވީ ސައިކަލާ ކާރުގައި ދަތުރުކޮށްގެނެއްނޫން، ސޯ ޕްލީޒް، އެކަހަލަ ވާހަކަ ނުބުނައްޗޭ، ޒީވްގެ ރަޙުމަތްތެރިކަމަކީ ހަމައެކަނި މުއްސަނދިންނަށް އޮންނާ ގުޅުމެއްނޫން” ޒީވާ ލޯއަޅާލަމުން ބުނެލިއެވެ. އެއާއެކު ލުއިގޮތަކަށް އަކްމަލް ހީނލިއަޑު ޒީވާއަށް އިވުނެވެ.

ރަކިވެގެން ޒީވާ އިސްޖަހާލިތަން އަކްމަލްއަށް ފެނުނު ހިނދު އޭނާގެ ހިތް ޒީވާގެ ކުރިމަތީ ހުޅުވާލަން ބޭނުންވިއެވެ. ނަމަވެސް ދެމީހުންގެ ފުރަތަމަ ބައްދަލުވުމުގައި އެފަދަ ފިޔަވަޅެއް ކުރިއަށް އަޅަން އަކްމަލް ހުރީ ޖެހިލުންވެފައެވެ. ފޯނުން ދެއްކޭ ވާހަކަ ގިނައެއްކަމަކު ދެމީހުން ބައްދަލުވުމުން ވާހަކަދެއްކުން އެހާ ފަސޭހަކަމަކަށް ނުވިއެވެ. ގިނައީ ހަމަހިމޭންކަން ދެމެދަށް ވެރިވާ ވަގުތުތަކެވެ. އެފަދަ ވަގުތުތަކުގައި ދެމީހުންހެން ބަދަލުކޮށްލަނީ ލުއި ހިނިތުންވުމެކެވެ.

“އޮފީސް ކިހިނެއްތަ؟” ވާހަކައެއް ފެށޭތޯ މިފަހަރު އުޅުނީ ޒީވާއެވެ. ނަމަވެސް އެ މައުޟޫޢު ވެސް ކުރިއަށް ދާގޮތެއް ނުވިއެވެ. އަކްމަލް ދެތިން އެއްޗެއް ބުނެލުމާއެކު ދެން އިތުރަށް ބުނާނެ އެއްޗެއް ނެތި ދެމެދަށް ހުއްޓުމެއް އައެއެވެ.

“ގޭ ކައިރިއަށް ދާތަނުން މީހަކަށް ފެނިއްޖެއްޔާ ރަނގަޅުވާނެތަ” ޒީވާމެން ގެ ދެން މާދުރެއްނުވާނެކަން އަކްމަލްއަށް އެނގުމާއެކު އަހާލިއެވެ.

“އާއްމުކޮށް މިގަޑީގައި ގެއަށް އައިސް ނުކުމެ ހަދާނޭ މީހަކު ނުހުންނާނެ، އެކަމަކު މިހެން ބުންޏަސް ނޭނގޭނެ ގޮތެއް، މަންމަ ވެސް ހުރެދާނެ ދޮރޯށި ދޮށުގައި، ނޫނީ ބައްޕަ ގެއަށް އަންނަން މިސްރާބުޖަހާފައި ހުރެދާނެ، އެހެންވީމާ އެންމެ ރަނގަޅުވާނީ ގެއާ ހަމައަށް އަކްމަލް ނުދިއުން” ޒީވާ ބުނެލިއެވެ.

“ޒީވް، ވާހަކައެއް އަހާލަންތަ؟ އަހަންނާއި ޒީވް އެއްކޮށް ފެނިއްޖެއްޔާ ތިގޭ މީހުން ރުޅި އަންނާނެތަ” އަކްމަލް ފިކުރެއްގައި ހުރެ ބުނެލިއެވެ.

“ބައްޕައަށް އަކްމަލް ވަރަށް ކަމުދިޔަ، އެހެންވީމާ މިގޭ ދޮށުން ފެނިގެން ރުޅިއެއް ނާންނާނެ ކަންނޭނގެ، ދެން ޒީވްއާއެކު ފެނުނީމާ ބުނާނީ ކީކޭކަމެއް ނޭނގެ” ޒީވާ، އަކްމަލްއަށް ބަލާލާފައި ބުނެލިއެވެ.

“މިހިސާބުގައި މަޑުކޮށްލިޔަސް އޯކޭއެންނު، މިރޭ ތަންކޮޅެއް ފަހުން އަހަރެން ގުޅާނަން” ކުރިމަތިން ޒީވާގެ ގެ ފެނުމުން އަކްމަލް މަޑުކޮށްލާފައި ބުނެލިއެވެ. ދެކޮޅު ހޯދާލި ޒީވާ ވެސް މަޑުކޮށްލާފައި އަކްމަލްއަށް ބަލާލިއެވެ.

“ތެންކިޔު” ދިއުމުގެ ކުރިން އިތުރަށް ބުނާނެ އެއްޗެއް ޒީވާއަކަށް ނުވިސްނުނެވެ. ތުންފިއްތާލާފައި ހިނިތުންވެލުން ނޫންކަމެއް ނުކުރެވުނެވެ. ދެފަހަރު އަކްމަލްއަށް ބަލާލާފައި ގެއަށް އައިސް ވަނެވެ. އެމަންޒަރު ބަލަން އަކްމަލް ހުރެފައި ހިނގައިގަންނަމުން ބޮލުގެ ފުށްކިބައިގައި އަތްހާކާލެވުނީ ޒީވާ ގާތު އެތައް ވާހަކައެއް ބުނަންބޭނުންވެފައި ހުރެވެސް ނުބުނެވި ވަކިވާން ޖެހުނީތީއެވެ. ދެފަރާތަށް ބޯހޫރާލަމުން އަމިއްލަ ފިނޑިކަމަށް ކުދިކިޔަމުން ގެއަށް ދިއުމަށް ހިނގައިގަތެވެ.

“ކާކުބާ އެއީ؟ އަނެއްކާ ގޭ މީހުން ގާތު އަހަރެންގެ ވާހަކަ ބުނީތަ؟ ހިޔެއްނުވޭ، ކީއްވެބާ މާދުރުގައި އެމީހަކު ހުރީ؟ ބަލާ އައި މީހަކުނަމަ ހުންނާނީ ކޮލެޖުގެ ދޮރުމަތީ އެންނު، އެއީ އެ އަންހެން ކުއްޖާގެ ޢާއިލާ މީހެއް ހެނެއް ހިޔެއްނުވޭ” އަތުގައި އޮތް ފޯނުން އަނެއްއަތުގައި މަޑުމަޑުން ޖަހާލަޖަހާލާ އިން އަދީލުގެ ހިތަށް އަރަމުން ދިޔައެވެ. އޭނާ ޒީވާއާ ގާތްވާން ބޭނުންވިޔަސް އެކަން ވާގޮތްނުވެ ގިނަ ދުވަސްވާތީ ރުޅިގަދަވާގޮތް ވިއެވެ. އެންމެ ކުޑަމިނުން ޒީވާގެ ނަންވެސް އަދީލަށް އެނގެނީއެއް ނޫނެވެ. އޭނާ އުޅޭ ގެ އެނގުނެއްކަމަކު އެގެއަށް ދާނީ ކޮންބަހަނާއެއްގައި ކަމެއް ނުވިސްނެއެވެ. އެހެންވިޔަސް ޒީވާ ހޯދަން ބޭނުންނަމަ ލަސްނުކޮށް ކޮންމެވެސް ރޭވުމެއް ރާވަން ޖެހޭކަމުގައި އަދީލަށް ވިސްނުނެވެ. ނިތްކުރީގައި އަތްހާކާލުމާއެކު ކޮޅަށް ތެދުވެ ކޮޓަރިތެރޭ ދެކޮޅަށް ހިނގަންފެށިއެވެ.

“ގެއަށް ގޮސްގެންވިޔަސް ހޯދާފަ ނޫނީ ހުއްޓައެއް ނުލާނަން” ދެކޮޅަށް ހިނގަމުން ދިޔަ އަދީލު ގޮތްދޫނުކުރާ ފަދަ ގޮތަކަށް ބުނެލިއެވެ.

ވާފިރު އައިސް ގެއަށް ވަނީ އިރުއޮއްސި ހަތެއް ޖަހަން އުޅެނިކޮށެވެ. އޭރު ސިޓިން ރޫމުގައި ޓީވީ ހުޅުވާލައިގެން އިން ނަބީހާ ހީވަނީ ކޮންމެވެސް ފިކުރެއްގައި އިންހެންނެވެ. ކުރިމަތިން ލާފައި ވާފިރު ވަދެގެން ދިޔައިރު ވެސް އޭނާއަށް ރޭކާނުލިވިއްޔާއެވެ. ވާފިރު ވެސް ހައިރާންވައި ނަބީހާއަށް ބަލާލަމުން ހަލުވިކޮށް ކޮޓަރިއާ ދިމާލަށް ދިޔައެވެ. ވާފިރު ހީކޮށްގެން ހުރީ މިއަދު އެއްގޮތަކަށް ވެސް ގެއަށް ނާންނާތީ ނަބީހާ ހުންނާނީ އައްޑިހަޔަށް އަރާފައި ކަމަށެވެ. ނަމަވެސް މިވީ ކިހިނެއް ހެއްޔެވެ. އޭނާ ގެއަށް ވަދެގެން ދިޔައިރު ވެސް ނަބީހާއަށް ފާހަގަވި ކަމަކަށް ނުވިވިއްޔާއެވެ. ވާފިރަށް އައިސް ކޮޓަރިއަށް ނުވަދެވިގެން އުޅެނިކޮށް ފަޓުލޫނު ޖީބުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ފޯނު ނަގާ ބަލާލުމާއެކު މޫނުމަތިން ފެނިގެން ދިޔައީ ތަފާތު ކުލަވަރެކެވެ. ހީވީ އެކޯލަށް ޖަވާބުދޭން ބޭނުންނުވެފައި ހުރިހެންނެވެ. ރިންގުވެ ނިމެންދެން ވާފިރު ފޯނަށް ބަލަހައްޓައިގެން ހުރީއެވެ. އަދި ފޯނުގެ ރިންގުކަނޑާލީ ދެން އެމީހަކު ގުޅިޔަސް ފޯނު ރިންގުވިޔަ ނުދިނުމަށެވެ.

ރޭގަނޑުގެ ކެއުމުގައި ބައިވެރިވުމުގެ ބަދަލުގައި އޮފީހުން އައިގޮތަށް ޔަޝްފާ އޮތީ ކޮޓަރީގައެވެ. ކަންބޮޑުވެފައި ހުރި ޔަޝްފާގެ މަންމަ އެވާހަކަ އެގެއަށް ވަން ޝަނޫޒާ ގާތު ބުންޏެވެ. ޔަޝްފާއަށް ކޮންމެވެސް ކަމެއްވެއްޖެކަން އޭނާގެ މައިންބަފައިންނަށް ވެސް އެނގިއްޖެއެވެ.

“ދައްތާ، އަހަރެން މިއައީ ތިކަން ހައްލުކުރާށޭ، މިހާރަކަށް އައިސް ޔަޝްއަށް ނޭނގެ ވެފައި ހުންނަ ގޮތެއް، އެކަމާ ވާހަކަދައްކަން މިއައީ ވެސް، ހާސްނުވޭ” ޔަޝްފާގެ ކޮޓަރިއާ ދިމާލަށް ދިއުމުގެ ކުރިން ޝަނޫޒާ، ޔަޝްފާގެ މަންމައަށް ބުނެލިއެވެ.

އެނދުގައި އޮތް ޔަޝްފާ ތެދުވީ ކޮޓަރިއަށް ޝަނޫޒާ ވަންތަން ފެނިފައެވެ. އޭނާގެ ލޮލުން ރޮވެފައި ހުރިކަމުގެ އަސަރު ފާޅުވޭވޭ ހުއްޓެވެ. ވަގުތުން ޝަނޫޒާ ދެފަރާތަށް ބޯހޫރާލާފައި ކޮޓަރީގެ ދޮރުލައްޕާލިއެވެ. އަދި އެއްފަރާތުގައި ހުރި ގޮނޑި ދަމާލާފައި ގެނެސް ޔަޝްފާގެ ކުރިމަތީ ބަހައްޓަމުން އޭގައި އިށީނެވެ.

“ތީދެން ކޮންކަމެއް؟ ރޯނެކަމެއްނެތް، އަދީލު މަތިން ދެން ހަނދާންނައްތާލާ، ހިތަށް އަރުވާލާ އޭނާ ފަދަ މީހަކާ ދުރުވެވުމަކީ ނަސީބެކޭ، ބޮޑުކަމެއް ތިދެމެދުގައި ނުހިގަނީސް ދުރުވެވުނުކަމަށްޓަކައި ޔަޝް ޝުކުރުވެރިވާންވީ” ޝަނޫޒާ ބުނެލިއެވެ.

“ޝަނޫ، އާދީދެކެ ހަޤީޤަތުގައި ވެސް އަހަރެން ލޯބިވޭ، އޭނާއާ ދުރުގައި ހުރުމަކީ ހާދަ ހިތްދަތިކުރުވާ ކަމެކޭ، މިހިތަށް ވިސްނާދޭނީ ކިހިނެއްކަމެއް އަހަންނަކަށް ނޭނގޭ” ގޮތްހުސްވެފައިވާ މީހަކު ފަދައިން ޔަޝްފާ ވާހަކަދެއްކިއެވެ.

“އަދީލްއާ ދިމާވީ އިހަށްދުވަހު، ކުރިން ވެސް ޔަޝް އުޅުނުގޮތަށް މިހާރު ވެސް ނޫޅެވެންވީ ސަބަބެއް އަހަންނަކަށް ނުވިސްނޭ، އަދީލްއަކީ އޭނާއަށް ފެންނަ ހުރިހާ މަލަކުން ފޮނިބޯން ބޭނުންވާ މީހެއް، އެކަން އަހަންނަށް އެނގޭތީ އޭނާދެކެ ހިތްހަމަނުޖެހެނީ، ޔަޝް ކަހަލަ ރަނގަޅު ކުއްޖަކާ އޭނާއާ އެއްގޮތަކަށް ވެސް ނުގުޅޭ، އޭނާ ޔަޝްގެ ފަހަތުން އުޅެންފެށީމާ އޭނާއާ ވާހަކަނުދައްކަން ބުނެވުނީވެސް އެހެންވެގެން” ޝަނޫޒާ ކަމެއް ސިއްރުކުރަމުން ކަހަލަ ގޮތަކަށް ބުނެލިއެވެ.

“އަދީލް އަހަރެންދެކެ ލޯބިވެޔޭ ކިޔާ ދޮގު ހަދާފާނެކަމަކަށް ކުޑަކޮށް ވެސް ހީނުކުރެވުނު، އޮފީހުގައި އުޅޭ އެހެން މީހުންނަށް މިކަން އެނގިއްޖެއްޔާ އެމީހުން ހީކުރާނީ ކީކޭ” ޔަޝްފާ ކަންބޮޑުވާ ކަންތަކުގެ ތެރެއިން ކަމެއް ހާމަކުރިއެވެ.

“އެމީހުން ހީކުރާނެ އެއްޗެއް ހީކުރަން ދޫކޮށްލަބަލަ، އަދީލުގެ ގޮތް މިހާރު އޮފީހުގައި އުޅޭ މީހުންނަށް ނޭނގިއެއް ނޯންނާނެ، އަހަރެން ޔަޝްއާ ދުވަހަކު ވެސް ވާހަކައެއް ނުދައްކާނަން އަދީލާ ހެދި އޮފީހުން ކެނޑިއްޖެއްޔާ، އެހެންވީމަ އެކަމާ ވިސްނައިގެން ނުވާނެ، އެނގޭތަ! އަދީލުގެ ސަބަބުން މީގެ ކުރިން ވެސް އޮފީހުންވަނީ ދެކުއްޖަކު ކެނޑިފައި، އެމީހުންނާ ރައްޓެހިވެގެން އުޅެފައި ރުޅިވީމާ އަދީލުގެ ކުރިމައްޗަށް އަރަން ބޭނުންނުވެގެން އެމީހުން އޮފީހުން ވަކިވީ، އޮފީސް މީހުންނަށް ވެސް އެނގޭ އަދީލު އެއަންހެން ކުދިންނާ ރައްޓެހިވެގެން އުޅުނުކަން” ޝަނޫޒާގެ މޫނުމަތިން އަދީލުގެ ނަންކިޔާ ކޮންމެފަހަރަކު އިންތިހާ ދަރަޖައިގެ ރުޅިވެރިކަން ފާޅުވެގެން ދެއެވެ.

“އަހަރެން ވެސް ހިތަށްއެރި އޮފީހުން ކެނޑެންވީއޭ، އަދީލުގެ ކުރިމައްޗަށް އަރާނޭހާ ހިތްވަރެއް އަހަރެންގެ ވެސް ނެތް، އެކަމަކު ޖޮބު ގެއްލޭނޭތީވެ ވަކިގޮތަކަށް ނިންމަން ނޭނގިފައި އަދި މިހިރީ، ޝަނޫ، އައި ޕްރޮމިސް، ދެން އޮފީހުން ކެނޑޭކަށް ނުވިސްނާނަން، އެކަމަކު ދުވަސްކޮޅެއް އަހަންނަށް ބޭނުންވާނެ އަދީލުގެ ހަނދާންތަކާ ދުރަށް ދިއުމަށް، ޝަނޫ އަދީލުދެކެ ރުޅިއަންނަނީ އޭނާ އެހެން އުޅޭތީ ދޯ، އަސްލު އަދީލްއަށް ބަލާލާފައި އެކަކުވެސް ނުބުނާނެ އޭނާއަކީ އެހާ ވިޔާނުދާކޮށް އުޅޭނޭ މީހެކޭ، އިނޮސެންޓް ފޭސްއެއް، އެހާ ސްމާޓް އެންޑް އިންޓެލިޖެންޓް، މީހުންނާ އެހާ ގުޅޭ އެހާ ރަނގަޅު” ޔަޝްފާ މާޒީ ހަނދާންކުރަމުން ކަހަލަ ގޮތަކަށް ބުނެލިއެވެ.

“ތެދެއް، އޭނާގެ ސިފަ ފެނިފައި ކޮންމެ އަންހެންކުއްޖަކަށް ވެސް ހަޤީޤަތް އޮޅިދާނެ، އޭނާއަކީ ލޯބިވާން އެނގޭ ކެއަރިން މީހެއްކަމުގައި އަހަންނަށް ވެސް ޤަބޫލުކުރެވުނު ދުވަސްކޮޅެއް ދިޔަ” ކަމަކަށް ގެއްލިފައި އިންފަދަ ގޮތަކަށް ޝަނޫޒާ ބުނެލިއެވެ.

“ޝަނޫ” ހައިރާންވެފައި އިން ޔަޝްފާ އޭނާގެ އެކުވެރިޔާއަށް ގޮވާލިއެވެ. ޝަނޫޒާ މިނޫނީ އަދީލްއާ ބެހެގޮތުން އެފަދަ އެއްޗެއް ނުބުނެއެވެ. އެކުވެރިޔާގެ އަޑުގައި ކުރިން ހުރި ރުޅިވެރިކަން ބަދަލުވެއްޖެކަން ޔަޝްފާއަށް ފާހަގަ ވިއެވެ.

“އަހަންނާއި އަދީލުއާ ދެމެދު ހިނގިކަމެއް ހިނގީ ޔަޝް އޮފީހަށް ވަނުމުގެ މާކުރިން، އެއީ އަހަރެން ވެސް އޮފީހަށް ވަންތާ ގިނަދުވަސްތަކެއް ނުވަނީސް، އޭރު ތަނުގައި އުޅޭ އެންމެންގެ ހަޤީޤަތެއް ނޭނގޭ، އެންމެންގެ ތެރެއިން ވެސް އަދީލު ފާހަގަކޮށްލެވުނީ އޭނާގެ މިޒާޖުގެ ގޮތުން، އަހަރެންގެ ލައިފްގައި ހެދުނު އެންމެ ބޮޑު މިސްޓޭކް އަދީލަކީ، އަހަރެން ވެސް ހީކުރިން އަދީލު އަހަރެންދެކެ ލޯބިވާކަމަށް، އެކަމަކު އޭނާގެ ބޭނުން ފުދުނީމާ އަހަރެންގެ މަތިން ފޫހިވާން ގިނަދުވަހެއް ނުނެގި، އަންހެން ކުއްޖަކަށްވީތީ އޭނާ ކުއްވެރިކުރެވޭކަށް ވެސް އެކަމުގައި ނެތް، އެދުވަހު އަހަންނަށް ވެސް އަދީލުގެ އެދުންތަކަށް އެއްބަސްވެވުނީ ރުހުމުގައި، އޭނާދެކެ ލޯބިވާތީ، ވީއިރު އޭނާއާ ދިމާލަށް ކިޔާނެ އެއްޗެއް އޮންނާނެތަ؟ އެހެންވިޔަސް ވަރަށް އާދޭސްކުރިން ވަކިނުވުމަށް އެދި، އެންމެ ފަހުން އަހަންނާ ދިމާލަށް ބުނީ، އޭނާގެ ފަހަތުން ނުނައްޓައިފިއްޔާ އޮފީހުގައި ހުރިހާ ވާހަކައެއް ކިޔާލާނަމޭ، އޭރުން ބަދުނާމުވާނީ ވެސް އަހަރެން ކަމުގައި، އަދީލާ ރައްޓެހިވެގެން އުޅުނުކަން އަހަރެންގެ ކޮއްކޮ ދީމްއަށް ވެސް އެނގޭނެ، އަދީލު ވަރަށް ގިނައިން އަހަރުމެން ދެމީހުން ގޮވައިގެން ރޭގަނޑު ކާންދާނެ، މަންމައެކަނި ދުނިޔޭގައި ހުރިއިރު، އެމަންމައަށް ވެސް އަދީލު ފެންނާނެ، އަހަރެން ގާތު ކައިވެނީގެ ވާހަކަ ވެސް ދެއްކި، އެދުވަސް ފެންނާނެކަމަށް އުންމީދު ކުރީ އަހަރެން އެކަންޏެއް ނޫން، މަންމަ ވެސް ހުރީ އަދީލު އަހަންނާ ކައިވެނިކުރާނެ ކަމުގެ އުންމީދުގައި، އެކަމަކު އެދުވަހެއް ދުވަހަކުވެސް ނާންނާނެކަން އަހަންނަށް އެނގުނީ މާފަހުން، އަދީލު ހީކުރަނީ އަންހެންކުދިންވީމާ އޭނާ ބޭނުންގޮތެއް އެމީހުންނަށް ހެދިދާނެއޭ، ދުވަހަކުވެސް އަދީލުގެ މަތިން ހަނދާނެއްނުނެތޭނެ، ވީއިރު އޭނާ ދެކެ އަންނަ ރުޅި ފިލައިގެން ހިނގައިދާނެތަ، އަހަރެން ޔަޝްއަށް އެވަރަށް ވިސްނައިދޭން މަސައްކަތްކުރީ އެހެންވެ، އަހަރެން އެކަކު ގާތު ވެސް އެވާހަކަ ދައްކާކަށް ބޭނުމެއްނޫން، އެކަމަކު ޔަޝްއަކީ މިހާރު އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް، އަދީލު، ޔަޝްއަށް ވެސް އެ ހެދީ އޭނާ އެހެންއަންހެން ކުދިންނަށް ހަދާގޮތް، އަހަންނަށް އޭނާގެ ދަލުގައި ޔަޝް ޖެހުމުގެ ކުރިން ސަލާމަތެއް ނުކުރެވުނު، އެކުވެރިއެއްގެ ގޮތުގައި ހުރެ މިދެވުނީ ކިހާ ބޮޑު ލަނޑެއް” ޝަނޫޒާ ދެރަވެފައި ބުނެލިއެވެ.

“މިކަން މިގޮތަށް ވާންއޮތީމާ އަހަންނަށް ވެސް ޝަނޫގެ ވާހަކައާ މެދު ވިސްނާނުލެވުނީ، ޝަނޫ އަހަންނަށް ވިސްނައިދޭން ވަރަށް މަސައްކަތްކުރި، އެކަން އަހަރެން ޤަބޫލުކުރަން، މީ ޝަނޫގެ ސަބަބުން ވީގޮތެއް ނޫން، އަދީލު ދެކެ ވަރަށް ފޫހިވެއްޖެ، އެއްފަހަރު ވެސް ހިތަކަށް ނާރާ އޭނާ ޝަނޫއަށް ތިޔަދަ ގޮތެއް ހަދާފައި ހުރެދާނެކަމަށް، އައެމް ސޮރީ ޝަނޫ، އަހަރެން ދެން ނުރޯނަން، އަދީލާ ހެދި މި ދެލޮލުން ދެން އެންމެ ކަރުނަތިއްކެއް ވެސް ވައްޓާނުލާނަން، އޭނާއަށް އަހަރުމެން ކަހަލަ އަންހެން ކުދިން ހައްޤެއްނޫން، ކޮންމެވެސް ދުވަހަކުން އަދި އޭނާއަށް މިދުވަސް ފެންނާނެ” ޔަޝްފާ، ޝަނޫޒާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“ދެޓްސް އިޓް، އަހަރެން ބޭނުންވަނީ ޔަޝް ތިގޮތުގައި ހުންނަން، އަދީލަކީ އެނާއާ ހެދި މީހަކު ރޯވަރުގެ މީހެއްނޫން، އޭނާއަށް އަހަރުމެން މުހިއްމު ނުވިއިރު އަހަރުމެންނަށް ވެސް އޭނާއަކީ މުހިއްމު މީހެއްކަމުގައި ދެކޭނެކަމެއްނެތް، ދެން އޭނާ ފެނުނަސް އަޅާލާނެ ކަމެއްނެތް، އަނގައިން ބުނެފިއްޔާ ވާހަކަދައްކާނީ، އެހެންނޫނީ ފެންނަކަމަށް ވެސް ހަދާނެކަމެއްނެތް، އަހަރެން ވެސް އޮފީހުގައި މިހާދުވަހު ކެތްކޮށްލީ އެގޮތަށް، މިހާރު އެހެން އުޅެން އާދަވެއްޖެ، އަދީލު ފެނުނަސް ހިތަކަށް ނާރާ މާބޮޑު އެއްޗެއް، ދެރަވުމަށްވުރެ ފޫހިވެފައި އަންނަނީ ރުޅި، އެކަން އޭނާއަށް ދައްކާކަށް ވެސް ބޭނުމެއްނޫން، ރުޅިއަންނަކަން ދައްކައިގެން ވާނެ ފައިދާއެއް ނޯންނާނެ” ޝަނޫޒާގެ އަޒުމް ވަރުގަދަކަން އޭނާގެ ވާހަކައިން ޔަޝްފާއަށް ވިސްނުނެވެ. މިވަގުތު ޔަޝްފާއަށް ބޭނުންވަނީ ވެސް އެފަދަ ރަޙުމަތްތެރިއެކެވެ. އޭނާއަށް ޝަނޫޒާގެ ވާހަކަތަކުން ހިތްވަރު ލިބުނެވެ. ހުއްޓި ހުރުމަށްވުރެ ދިރިއުޅުމާއިގެން ކުރިއަށް ދާންވީކަން ވިސްނި އެކަމަށް ހިތްވަރު ލިބުނީއެވެ.

“ނަސީބުގަދަ މީހެއްތީ” ދިމާކޮށްލާފަދަ ގޮތަކަށް ފައިސަލް މިހެން ބުނިއިރު އޭނާ އެބުނި އެއްޗެއްގައި ފޮރުވިފައި އޮތީ ކީކޭކަން އަކްމަލްއަށް އެނގުނެވެ. ޖަވާބުގައި އެއްވެސް އެއްޗެއް ބުނާކަށް އަކްމަލް ގަސްދެއްނުކުރިއެވެ. އޭގެ ބަދަލުގައި ޕާންފޮއްޗަކާއި އެހެނިހެން ސާމާނު ތަށްޓަށް ލައިގެން ފައިސަލް އާއިއެކު އައިސް މޭޒެއްގެ ދޮށުގައި އޭނާ އިށީނެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *