އެކުވެރިންނާއެކު ފުޓުބޯޅަމެޗު ނިންމާލާފައި އަކްމަލް ވެސް ހިނގައިގަތީ ގެއާއި ދިމާލަށެވެ. ގެ ކިތަންމެ ދުރުނަމަވެސް ހިނގައިފައި ދިއުން ނޫންގޮތެއް އޭނާއަކަށްނެތެވެ. އަމިއްލަތަނަކަށް ވަޒީފާއަށް ގޮސް ގޮސްހުއްޓައި ފައިދާނުވާތީއޭ ކިޔާފައި އެތަން ބަންދުކުރީތީ މިހާރު ހުރީ ވަޒީފާއެއް ވެސް ނެތިފައެވެ. ހުސްވަގުތުތަކުން އޭނާގެ ދިރިއުޅުން ފުރިފައިވާއިރު މިހާރު އޭނާ ކުރާކަމަކީ ރަޙުމަތްތެރިންނާއެކު ކޮންމެވެސް ކުޅިވަރެއް ކުޅުމުގައި ވަގުތު ހޭދަކޮށްލުމެވެ. މިއަދު މެޗުނިންމާލާފައި އަކްމަލްގެ ނަސީބު ރަނގަޅުކަމުން އޭނާ އާއިއެކު ވަކި ހިސާބަކަށް ހިނގާލާފައި ދާނޭ އެކުވެރިއަކު ޓީމުގައި ހުއްޓެވެ. އަމީނީ މަގުހުރިގޮތަށް ދެމީހުން ހިނގައިގަތެވެ. މާބޮޑަށް ރައްޓެހިނޫންވީމާ އަމިއްލަ ވާހަކަތައް ދެއްކުމުގެ ބަދަލުގައި ދެޒުވާނުން ވެސް ދައްކަމުން ދިޔައީ ފުޓުބޯޅައިގެ ވާހަކައެވެ. މިއަދުގެ މެޗުގައި ހެދުނު ގޯސްތަކާއި ކުރެވުނު މޮޅެތިކަންތައްތަކުގެ ވާހަކައެވެ.
“އޯކޭ އަކްމަލް، އަހަރެން ކެނޑީއޭ” ނިހާނު ބުނެލިއެވެ. ބޯޖަހާލަފައި އާނއެކޭ ބުނަމުން އަކްމަލް ކުރިއަށް ހިނގަމުންދިޔައެވެ.
ހެންވޭރުގައި ގެ ހުންނައިރު އޭނާ ކޮންމެ ދުވަހަކުހެން މާލޭގެ އެއްކޮޅުން އަނެއްކޮޅަށް އެއަންނަނީ ކުޅިވަރަށް ހިތްޖެހިފައި ހުރިލެއް ބޮޑުކަމުންނެވެ. ސްކޫލު ދުވަސްވަރު ރަންވަނަތަކެއް ލިބިފައި ހުއްޓެއްކަމަކު އޭނާގެ ޝައުގުވެރިކަން ހުރީ ހަމައެކަނި އެކަމަކަށް ނޫނެވެ. ކުޅިވަރުގެ މައިދާނަށް އޭނާ ނުނިކުތީ އެހެންވެކަމަށް ވެސް ވެދާނެއެވެ. އަކްމަލްއަށް ގެއަށް އައިސް ވަދެވުނު އިރު މީހާ ހުރީ ދާހިތްލާ ފޯވެފައެވެ. ބޮޑުކޮޓަރިތެރެއަށް ވަދެވުމާއިއެކު ޖެހިގެން އެއްފަރާތުގައި ހުރި ސިޑިން ފަރިތަކަމާއިއެކު ދުވެލާފައި މައްޗަށް އަރައިގެން އޭނާ ދިޔައެވެ.
“އޭސީ… އޭސީ ރިމޯޓް، އެވެސް ނުފެންނާނެ އަވަހަށް ހޯދަން އުޅެންޏާ” އަކްމަލް ކޮޓަރިތެރެއަށް ކޮނޑުގައި އަޅުވާފައި އޮތް ދަބަސްގަނޑު ވައްޓާލަމުން އަމިއްލައަށް ވާހަކަދައްކަން ފެށިއެވެ. އަދި ތަރުތީބުގެއްލިފައި އޮތް އެކޮޓަރީގެތެރެއިން އޭނާ އޭސީ ރިމޯޓު ހޯދަން ފެށިއެވެ. އޭތި ފެނުނީ ތަޅުންމައްޗަށް އެއްބައިވެއްޓިފައި އޮތް އެނދުގެ ރަޖާގަނޑުގެތެރެއިންނެވެ. އަވަހަށް އޭސީ ޖައްސާލާފައި އޭނާ ވަނީ ފާޚާނާއަށެވެ. ފެންވަރާލައިގެން ނުކުންނަންވާއިރަށް ކޮޓަރިތެރެ ފިނިވެފައި އިތުރަށް އަރާމުވާނޭކަމުގެ ޚިޔާލުގައި ހުރެއެވެ.
ގިނައިރެއްނުވެ ފާޚާނައިން ނުކުން އަކްމަލް އޭނާގެ ބޮލުގައި އަތްފުނާ އަޅާލަމުން އައިސް ރީތިވާ މޭޒުދޮށުގައި ހުއްޓުނެވެ. އަދި ލޯގަނޑުން އޭނާގެ ކަސްރަތީ ހަށިގަނޑު ބަލާލިއެވެ. ކުޅިވަރަކީ އޭނާގެ ދިރިއުޅުމުގެ އެއްބަޔަށްވީއިރު ހަށިގަނޑުގައި އެކަމުގެ ކަސްރަތީ ކުލަވަރު ޖެހިފައިވަނީ ވަރަށް ވެސް ބޮޑަށެވެ. ކުއްލިއަކަށް ރީތިވަމުން ދިޔަ އަކްމަލްގެ ސަމާލުކަން ހޯދީ ރީތިވާމޭޒުމަތީ އޮތް އޭނާގެ ފޯނެވެ.
“ހެލޯ” ފޯނުނަގާ ކަންފަތުގައި ޖައްސާލަމުން އަކްމަލް ބުނެލިއެވެ.
“ހެލޯ، އަކްމަލްތޯ” އަންހެންވަންތަ އަޑެއް އަކްމަލްގެ ކަންފަތުގައި ޖެހުމާއިއެކު “އާނއެކޭ” ބުނެލިއެވެ.
“މިއީ އެންޓުއަރސް މޯލްޑިވްސް، ވަޒީފާއަށް ކުރިމަތިލާފައި އޮތީމާ އިންޓަރވިއުއަށް އައިސްދެއްވުމަށް އެދި މިގުޅާލީ، މާދަމާ ހަވީރު ހަތަރެއް ޖަހާއިރަށް، އިންޓަރވިއުއަށް ދުރުވާއިރު ސެޓްފިކެޓްތަށް ހިފައިގެން ދުރުވަންވާނީ” އަންހެން ކުއްޖާ މިހެން ބުނުމުން، އަކްމަލް އަވަސް އަވަހަށް ޖަވާބުދިނެވެ. އަދި ފޯނު ކޯލު ނިމުމާއިއެކު އުފަލުން މީހާ ފުންމައިގަތެވެ.
“ޔެސް… އެތަނުން ލިބުނިއްޔާ ވަރަށް ސަޅިވާނެ…” ޖޯޝާއިއެކީ އަކްމަލް ބުނެލިއެވެ. ލިބުނު ފޯންކޯލާއިއެކު އޭނާގެ ޠަބީޢަތް ރަނގަޅުވެގެން ދިޔައެވެ. ހިތްގައިމު ރާގެއް ތުނބުންފުމެމުން ރީތިވެލައިގެން ކޮޓަރިން ނުކުން އަކްމަލް އައިސްވަނީ ކާކޮޓަރިތެރެއަށެވެ. ވަށައިގެންޖަހާފައި ހުރި ކަބަޑުސެޓުތަކުގެ ތެރޭގައި އުނދުން ވެސް ހުއްޓެވެ. ކާމޭޒުހުރީ ވެސް ހަމައެތަނުގައެވެ. ކުޅެނިންމާފައި އައިއިރު މީހާ ހުރީ ވަރަށް ބޮޑަށް ބަނޑުހައިވެފައެވެ. ހަކަތަ ހުސްވާގޮތްވެފައެވެ. އެހެންވެ ސައިބޯން ހުރީ ކޮން އެއްޗެއްތޯ އަކްމަލް ހޯދަންފެށިއެވެ. ކާމޭޒުމަތީ ހުރީ އުލާ ސަމްސަލާ މިބާވަތުގެ އެއްޗެހި އެލުވާފައި ހުރި ސެޓެކެވެ. އެއްވެސް ތައްޓެއް އަތުރާފައެއް ނެތެވެ. އައިސްއަލަމާރި ހުޅުވާލާފައި ލޮލުގައި އެއްޗެއް އަޅައިނުގަތުމުން ދެން ބަލާލީ ތެލިތަކާއި ދިމާލަށެވެ. ނަމަވެސް އެއެއްޗެހީގެ މަތި ހިއްލާ ހިތެއް އަކްމަލް ނެތެވެ.
“މަންމާ، މިއަދު ސައިބޯއެއްޗެއް ނަހޯދަނީތަ” ބޮޑުކޮޓަރިތެރޭ ފޯނެއްގައި ހުރި ނަބީހާއަށް އަކްމަލް ބުންޏެވެ.
“ކަލޭގެ ބަފާ މިހަފްތާއަކު ލާރިއެއްނުދޭ، އެހެންނޫންނަމައެންނު ހޯދާފައި ބަހައްޓާނީ، ނޫނީ ކަލޭ ލާރި ދިނިންތަ މިއަދު އަންނަންވާއިރަށް ސައިބޯއެއްޗެހި ހޯދާށޭ ކިޔާފައި” ނަބީހާ ފޯނުން ވާހަކަދައްކާ ނިމުމާއިއެކު ހީވީ ހަތްބޯރާއްސެއްހެންނެވެ. އަޑުގަދަ ކޮށްލާފައި އަކްމަލް އާއި ދިމާލަށް ހަޅޭލަވަން ފެށުމާއެކު ވަގުތުން އެތަނުގައި މަޑުކުރުމެއްނެތި އަކްމަލް އެނބުރި އައީ ކާކޮޓަރިތެރެއަށެވެ. އަދި އައިސްއަލަމާރިން ފިނިފެންފުޅިއެއް ނަގައި ޖޫސްތައްޓެއް ގިރާލިއެވެ. އެޖޫސްތަށި އެއްނޭވާއިން ބޯލުމާއެކު އަވަސްވެގަތީ ގެއިން ބޭރަށް ނުކުތުމަށެވެ.
“ކިހާ ބޮޑުކަމެއް ކެލެއާ ހެދި، މަށާ އަޅައިގަނެގެން ނެއްޓޭކަށް ވެސް ކަލެއަކަށް ނޭނގުނު ދޯ، ބޮޑު ސުންޕާ، ކަލެއަށް ދުވަހަކު ވެސް ރަނގަޅުގޮތެއްނުވާނެ، މަށަށް ރަނގަޅަކީ ވެސް ކަލޭ އަވަހަށް މިދުނިޔޭން ވެސް ނެތިގެންދިޔައްޔާ” ބޮޑުކޮޓަރީގެ ދޮރުން ނުކުންނަން ދިޔަ އަކްމަލް އަޅައިގަތީ އެތެރެއަށް ވަންނަން އައި ސުހާނާގެ ގައިގައެވެ.
“ތީ ބޮޑުވަރު ދޮންތާ” ނަބީހާގެ ސަބަބުން ބޮލުގައި ރިއްސައިގަނެފައި ހުރި އަކްމަލް އިތުރަށް ހިތްހަމަނުޖެހުނެވެ.
“ބޮޑުވަރޭ، އަދި ބޮޑުވަރެއްވާ ނުވެއެންނު، ބޮޑުވަރުވާނީ ކަލޭ ގޮސް ޖަލުގައި އޮންނަން ޖެހުނީމާ” ސުހާނާ ދެލޯއަޅާލުމާއިއެކު އަކްމަލާ ދިމާލަށް އަތްހޫރާލިއެވެ. ދެފަރާތަށް ބޯހޫރާލި އަކްމަލް އޭނާގެ ރުޅިގަނޑު ހިފަހައްޓަން މަސައްކަތްކުރަމުން އަވަހަށް ގޭގެ ދޮރޯށިން ބޭރަށް ނުކުތެވެ.
އޮއްސެމުންދިޔަ އިރު ކަނޑުގެ ސަތަހައަށް އަތްގަދަކުރަމުން ދިޔައީ އޭގެ ދޯދިތައް ފަތުރަމުންނެވެ. އެންމެ ފަހުވަގުތު ވެސް ޤުދުރަތުގެ ރީތިކަން އެމަންޒަރު ބަލަން ހުރިއްޔާ ހުރިމީހަކަށް ދައްކާލަދެމުންނެވެ. މޮޅެތި ކުރެހުންތެރިންގެ ސިކުނޑިއަށް ނުފޫޒުފޯރުވަމުން ކަހަލަގޮތަކަށެވެ. ނަމަވެސް އަކްމަލްއަށް އެމަންޒަރު އެއްކޮށް ފެންނަގޮތެއްނުވިއެވެ. ރާޅުގަނޑު ސަރަހައްދުން އާޓިފިޝަލް ބީޗަށް ވަންނަންއޮތް ދިމާ ތޮށިގަނޑުމަތީ އޭނާ އިށީނދެލައިގެން އިންއިރު މާލޭގެ އުސްއިމާރާތްތަކާއި އޮއްސެމުންދިޔަ އިރު ނިވާވެގެއްލުނީ މާއަވަހަށެވެ. ފުންނޭވާއެއް ބޭރުކޮށްލުމާއިއެކު ތޮށިގަނޑުގައި ފުރަގަހަށް ވާގޮތަށް ދެއަތްވިއްދާލަމުން ވަށައިގެން ނަޒަރު ހިންގާލިއެވެ. ކުޑަކުދިން ގޮވައިގެން އުޅޭ މީހުން އެހިސާބުގައި އެގަޑީގައި ވަރަށް ގިނައެވެ. އެމީހުންގެ ހަރަކާތްތައް އަވަސްވެފައި ހުރީ މަޤްރިބު ނަމާދަށް ގޮވުމުގެ ކުރިން ގެއަށް ދިއުމަށްކަމަށް ވެސް ވެދާނެއެވެ. މީހުން އުޅޭނޫޅޭގޮތް ބަލަން އަކްމަލް އެމީހުންގެ ހަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެން އިނެވެ. އެއީ އޭނާގެ އާދައެވެ. ގޭގައި މަޑުކުރުމަށްވުރެ އޭނާ އެތަނުގައި ތޮށިމަތީ އިންނަލެއް ގިނައެވެ. ގޭގައި މަޑުކޮށްފިއްޔާ ކޮޓަރިން ނުކުންނާނީ މަދު ފަހަރަކުއެވެ.
“އޭތް! އަކްމަލް، މިތާތަ، މިއަދުވެސް” ގޭދޮށުގައި އުޅޭ ރަޙުމަތްތެރިއަކު ސައިކަލުގައި ދަމުން އަކްމަލް ފެނިގެން މަޑުކޮށްލަމުން އަހާލިއެވެ.
“އާން! މިގަޑީގައި ހާދަ ސަޅި ބިޓުން ފެނެޔޭ” އަކްމަލް ހަޤީޤަތް ފޮރުވަމުން މިހެން ބުންޏެވެ.
“އަކްމަލްމެންނަށް ރީތި ކުދިން ވިޔަސް އަހަރުމެންނާ ދިމާލަށް ބަލާލާނެ ކުއްޖަކު ނުވާނެ ވިއްޔާ، ހިނގާބަލަ އަހަންނާއިއެކު ސައިތައްޓެއް ބޯލަން، މިދަނީ ވަރަށް ބަނޑުހައިވެގެން ކާނިވާތެރެއަށް، އަނެއްކާ ވަގުތު އެބައޮތްތައް” އިމްރާން އަހާލިއެވެ.
“އިމްމައެންނު، ވަގުތުނޯވެއެއް ނުދާނެ، ހިނގާދަމާ، މިހާރު ކުދިންކޮޅު މަދުވީމާ މަވެސް މީނީ ފޫހިވާގޮތްވެފައި” އަކްމަލް ހީނލާފައި މިހެން ބުނެ ތޮށިގަނޑުމަތިން ތެދުވެގެން އައިސް އިމްރާނުގެ ސައިކަލު ފަހަތަށް އެރިއެވެ.
އަކްމަލްގެ ސުކޫލު ދުވަސްވަރު ނިމިގެން އައިއިރު އިމްރާނަކީ އޭނާ އާއި އެއްއުމުރެއްގެ ޒުވާނެކެވެ. ކިޔެވީ ދެސްކޫލަކުން ނަމަވެސް ގޭދޮށުން ދެމީހުން ދިމާވާތީ އެކުވެރިކަން އޮތީ ބަދަހިވެފައެވެ. އިމްރާނަކީ ހަރުދަނާ ޒުވާނެކެވެ. އަކްމަލްއަށް އޭނާ ކަމުދަނީ ވެސް އެހެންވެއެވެ. ބައެއް ފަހަރު އޭނާ އާއިއެކު ފުޓުބޯޅަކުޅެން އިމްރާނު ވެސް ދެއެވެ. އެހެންނަމަވެސް އޭނާގެ ވަޒީފާގެ ސަބަބުން މެޗުތަކުގައި ބައިވެރިވެވޭ ގޮތްވަނީ ބަންދު ދުވަސްތަކުގައި އެކަންޏެވެ.
“ތިހެން ނީނދެ ނަގާބަލަ ކޮންމެވެސް އެއްޗެއް” ކާނިވާގައި ހުރި ކެފޭތަކުން ކެފޭއަކަށް ވަދެ މޭޒެއްގެ ދޮށުގައި އިށީނުމާއިއެކު ހެދިކާއަށް އިމްރާނު އޯޑަރު ދިނެވެ. އެހިނދު ބިދޭސީއަކު ހެދިކާ ތަބަކެއް ހިފައިގެން އައިސް އެމީހުންގެ ގާތުގައި މަޑުކޮށްލިއެވެ. އިމްރާނު ބޭނުންވާވަރަށް ހެދިކާ ނެގިއެވެ. ނަމަވެސް އަކްމަލް އެއްޗެއް ނުނެގުމުން އިމްރާނު އެކަމާ ހިތްހަމަނުޖެހުން ފާޅުކުރިއެވެ.
“މަށަށް ވެސް އޭނާ ނެގިވައްތަރަކުން އެއްޗެއްލާ، ދެން ކަޅެއް އިނގޭ” އަކްމަލް ބުނެލިއެވެ.
“އަހަރެން އެކަނި ސައިބޯން ޖެހޭތީ އެކަމާ ވިސްނަމުން އަންނަނިކޮށް އަކްމަލް ލޮލުގައި އަޅައިގަތީ، އެކަމަކު ތިއުޅުނީ މަށާ ބައިވެރިނުވާންވެގެން، ބަލަ އަހަރެން ނުބުނާނަން އަކްމަލް ގާތު ތިކެއި އެއްޗިއްސަށް ފައިސާ ދައްކާށޭ، އަހަރެން ގޮވައިގެން އައިސްފައި އަހަރެންގެ ޖީބުން ޚަރަދު ކުރާނީ” އިމްރާނު ސަމާސާ ރާގެއްގައި ބުނެލިއެވެ.
“އެކަން އެނގެޔޭ، މިހާ ދުވަސްވީއިރު އިމްމަގެ ގޮތް ވެސް އެނގޭނެތާ، މާބޮޑަށް ބަނޑުހައިނުވާތީ އެއްޗެއް ނުނަގަން އިނީ، ދެން އެކަން ބޮޑުކޮށްނުލާ ދޫކޮށްލަބަލަ، މިހާރު މީނީ އިމްމަގެ ތަށީގައި އޮތް ވައްތަރަކުން އެއްޗެއް ލައިގެން” އަކްމަލް ހީނލިއެވެ.
“ކޮބާ ޖޮބެއްގެ ޚަބަރެއް އަދިވެސް ނުވޭތަ، އޭރު ބޯމަހާލެވުނީ ހާދަ ކަޑަތަނަކަށޭ ދޯ، އަހަރެން ވެސް އެބަބަލަން ތަނަކުން ރަނގަޅުގޮތެއްވޭތޯ، ދެތިން މީހުން ގާތު ބުނެލައިގެން މިއުޅެނީ” އިމްރާނަށް އެކުވެރިޔާގެ ހާލު އެނގޭތީވެ ބުނެލިއެވެ.
“ދެތިން ތަނަށް އިންޓަރވިއުއަށް ގޮސްފިން އަދި ޚަބަރެއްވާގޮތެއް ނުވޭ، މާދަމާ ވެސް އެބައޮތް އިންޓަރވިއުއަކަށް ދާން، އުންމީދުކުރަނީ އިރާދަކުރެއްވިއްޔާ ރަނގަޅުވާނޭ ކަމަށް، އެތަނުން ލިބިއްޖެއްޔާ ވަރަށް ސަޅިވާނެ، ފުދޭވަރެއްގެ ބޮޑުއެއްޗެއް ލިބޭނެ” އަކްމަލް ކަންއޮތްގޮތް އިމްރާނަށް ބުނެދިނެވެ.
“އަހަންނަށް ފެންނަނީ އިތުރަށް އަކްމަލް ކިޔަވަން، އަދި ކިޔެވުން ދޫކޮށްލާވަރެއްނުވެ އެންނު” އިމްރާން ޚިޔާލެއް ދިނެވެ.
“ކިޔަވަން ބޭނުން، އެކަމަކު އަބަދު މައިންބަފައިން އަތުން ޚަރަދުކޮށްގެން ކިޔެވުމަކީ އަހަރެން ބޭނުންވާގޮތެއް ނޫން، މަންމަމެންގެ ހާލު އަހަންނަށް އެނގޭ، އެހެންވެ އަހަރެން ބޭނުންވަނީ އަމިއްލައަށް މަސައްކަތްކޮށްގެން ލިބޭ ފައިސާގައި ކިޔަވަން” އަކްމަލް އޭނާގެ ޚިޔާލު ހުރިގޮތް ބުނެލިއެވެ. އެގޮތް ވެސް އިމްރާނަށް ކަމުދިޔައެވެ. އެކަމާ ތާޢީދުކޮށް އިމްރާން ވާހަކަދެއްކިއެވެ.
ސައިބޮއެގެން ދެއެކުވެރިން ނުކުތީ ފިނިބުރެއްޖަހާލާފައި ގޭދޮށާ ދިމާލަށް ދިއުމަށެވެ. އިމްރާނު ގެއާއި ކައިރިކޮށްލީ އަކްމަލް އޭނާގެ ގޭގެ ދޮރުމައްޗަށް ފޭބީމައެވެ. ގެއަށް ވަންނަން ހިތަށް އަރާފަވެސް އަކްމަލްގެ މޫނުމަތިން ފޫހިކަން ފެނިގެންދިޔައެވެ. ޖީބުން ނެގި ފޯނަށް ބަލާލީ ގަޑިން ވީއިރެއް ބަލާލުމަށެވެ. އޭރު ގަޑިން ހަތެއްޖަހަނީއެވެ. ދޮރޯށީގެ ތަޅުގައި ހިފާ އަނބުރާލުމާއިއެކު ގޭތެރެއަށް ވަދެގެން އޭނާ ދިޔައެވެ.
* * * *
“ޝީރީން” ގެއަށް ވަދެގެން އައި ލަބީބު ގޮވާލިއަޑު ކޮޓަރީގެ ހުޅުވާފައި ހުރި ދޮރުން ވަދެގެން އައިސް އެނދުމަތީ ފޮތެއްކިޔަން އިން ޝީރީންގެ ކަންފަތުގައި ޖެހުމާއިއެކު އަވަސް އަވަހަށް ބާލީސްދަށަށް ފޮތްކޮށްޕާލަމުން ކަޓެއްހެން ތެދުވެގެން އޭނާ އައެވެ.
“ކިހިނެއްވީ” ލަބީބު ފެންނަ ހިސާބަށް ނުކުމެވުމާއެކު ޝީރީން އަހާލިއެވެ.
“އަން، މިރުހާ ލުނބޮޔާ ވެސް ހުންނާނެ ގެނެސްފައި، މިރެޔަށް ވަރަށް ފާވެފައި އޮތް ފަޅޮލެއް ވެސް އޮންނާނެ، އޭތި މާދަމައަށް ބާއްވާފައިފިއްޔާ ނުބައިވާނެ، ކޮބާ ލަމްޔާ އާއި ޒީވާ” ލަބީބުގެ އަތުގައި ހުރި ކޮތަޅުތަކުގައި ޝީރީން ހިފުމުން ބުނެލިއެވެ.
“ލަމްޔާ އަދި އޮފީހުން ނާދޭ، ދެންމެ ޒީވާ އުޅުނު މިތަނުގައި، ވެދާނެ ކޮޓަރިއަށް ދިޔައީކަމަށް، ލަބީބު، އަހަރެން ބުނީމެންނު ދޮންކެޔޮ ކޮޅެއްގެ ވާހަކަ، ކޮބާ އޭތި، ތެތްލާނޭ މުށިމަސްކޮޅެއްގެ ވާހަކަ ވެސް ބުނިހަނދާނެއްވޭ” ކޮތަޅުތަކަށް ސަމާލުކަން ދީގެން ހުރެ ހާވަމުން ޝީރީން ބުންޏެވެ.
“ދޮންކެޔޮ މަތިން ވަރަށް ހަނދާންކޮށްގެން ހުރީ، ހަމަ ހަނދާނުން އެއޮތީ ކައްސާލާފައި، މަސްކޮޅެއް ނުގެނެވުނީ މާރުކޭޓުގައި ނެތީމާ، އެތަން އޮތީ ރީތިކޮށް ދޮވެލާފައި، ދެން މާދަމާދަން މަސްކޮޅެއް ލިބޭތޯ ދާނަން، މިރޭ ދޮންކެޔޮކޮޅެއް ވެސް ލިބޭތޯ ބަލާލާނަން އިނގޭ، ދެންދޭ ކުދިވެރިން ގޮވައިގެން ނަމާދަށް އަރަން، އަހަރެން ވެސް އަންނާނަން މިސްކިތަށް ގޮސްފައި” ލަބީބު އެނބުރި ވަންދޮރުން ނުކުންނަން ދިޔައެވެ.
ޝީރީން ކޮތަޅުތައް ހިފައިގެން އައީ ބަދިގެ ފަރާތަށެވެ. ކޮންމެ އެއްޗެއް އެއެއްޗަކަށް ޚާއްޞަކޮށްފައިވާ ތަނަކަށް ލަމުންދިޔައެވެ. އެވަގުތު އޭނާގެ ހަގު ދެބެން އައިސް ބަދިގެ ތެރެއަށް ވަނެވެ.
“މަންމާ، އަޅެ ތުއްތަ ގާތު ބުނެބަލަ ރީމް ގޭމް ކުޅެލަން ލެޕްޓޮޕް ދީބަލާށޭ” ނުވައަހަރުގެ ރީމް ޝަކުވާ ކުރާފަދަ ގޮތަކަށް ބުނެލިއެވެ. އޭރު އޭނާގެ ގާތުގައި ރުވާ ވެސް ހުއްޓެވެ. އެދެބެންނަކީ ޝީރީނަށް ޒީވާއަށްފަހު ލިބުނު އެއްމާބަނޑު ދެބެންނެވެ.
ގެދޮރުގެ ދަތިކަން އެހާބޮޑުއިރު ގިނަ ކުދިންތަކެއް ހޯދާކަށް ޝީރީން ބޭނުމެއްނޫނެވެ. ލަބީބަކީ ރަނގަޅު ފިރިއެކެވެ. އެހެންނަމަވެސް ޝީރީނަކީ ލަބީބުގެ ދެވަނަ އަނބިމީހާއެވެ. ފުރަތަމަ ކައިވެނިކުރި އަންހެނުން ނިޔާވީ ލަމްޔާ އުފަންވުމުގެ ތެރޭގައެވެ. ކުޑަދަރިފުޅާއެކު އުޅެންޖެހުނު އެކަނިވެރި ދިރިއުޅުން ލަބީބަށް ފަސޭހަކޮށްދިނީ ޝީރީނެވެ. ލަބީބާ ކައިވެނިކޮށް އަމިއްލަ ދަރިއަކު ފަދައިން ލަމްޔާގެ ހުރިހާ ޒިންމާއަކާ އޭނާ ހަވާލުވުމުންނެވެ. އެދެމަފިރިންނަށް ޒީވާ ލިބުނީ ކައިވެންޏަށް ދެއަހަރުވީ ފަހުންނެވެ. ޒީވާއަށްފަހު ޝީރީން އުންމީދުކޮށްގެން ހުރީ ފިރިހެން ދަރިއަކު ހޯދުމަށެވެ. އެހެންނަމަވެސް ޝީރީނަކީ ދަރިމައިވުން ފަސޭހަ އަންހެނެއް ނޫންވީމާ އިތުރުކުއްޖަކު ލިބުނީ ވަރަށް ދުވަހުންނެވެ. އެއްމާބަނޑު ދެބެންނަށް ބަލިވެއިންކަން އެނގުނު ދުވަހު ޝީރިން ވަރަށް އުފާވިއެއްކަމަކު އަނެއްކާވެސް އަންހެން ދެކުދިން ލިބޭތީ އޭނާ މާޔޫސްވާގޮތްވިއެވެ. އެކަން ހިތުން ފިލައިގެން ދިޔައީ ލަބީބުގެ އޯގާތެރިކަމުންނެވެ. އޭނާއަކީ އަންހެން ދަރިންނާއި ފިރިހެންދަރިން ތަފާތުކުރަން ބޭނުންވާ ބަފައެއް ނޫނެވެ. ﷲ އެދަމަފިރިންނަށް މިންވަރުކުރައްވާފައިވަނީ އަންހެން ދަރިން ކަމުގައިވާނަމަ އެކަމާ އޭނާ ފިކުރުކޮށް ބޯހާސްކުރާކަށް ބޭނުމެއްނޫނެވެ. ފިރިހެން ދަރިއަކު ނުލިބުނެއްކަމަކު އިތުރު ކުއްޖަކު ނުހޯދުމަށް ލަބީބު ނިންމި ނިންމުމާ ޝީރީން ޤަބޫލުވީ އެހެންވެއެވެ.
“މިގަޑީގަ ލެޕްޓޮޕް ހިފައިގެން ގޭމް ކުޅެން އުޅޭނެކަމެއްނެތް، އެންމެން ނަމާދަށް އަރަންވީ، ހިނގާ” ޝީރިން ކުރަން ހުރި ކަންތައް ނިންމާލާފައި އެތަނުގައި އޭނާގެ ގާތުގައި ތިބި ދެބެންނަށް ބަލާލަމުން ބުންޏެވެ. އަދި ރުވާގެ ކޮނޑުގައި އަތްޖައްސާލަމުން ދޮރާ ދިމާލަށް އިޝާރަތްކޮށްލީ އެތަނުން ނުކުންނާށޭ ބުނާ ކަހަލަ ގޮތަކަށެވެ.
“މަންމާ، ނަމާދުކޮށްގެން ލެޕްޓޮމް ބޭނުންކޮށްލިޔަސް އޯކޭތަ” ގޭތެރޭގައި އަވިއްސެއްހެން އުޅޭ ރީމް އަހާލިއެވެ. އޭރު ބަދިގެ ފަރާތުން ނުކުމެގެން ކޮޓަރިއާ ދިމާލަށް ޝީރީން ހިނގައިގަނެއްޖެއެވެ.
“މީ ވަރެއްގެ ކުއްޖެއް، ބައްޕަ ގެއަށް އައިސްފަ ކޮންމެ ރެއަކު ވެސް އަހައެންނު ނަމާދުކުރިންތޯ، ޤުރުއާން ކިޔެވިންތޯ، އެހެންވީމަ ދެންދޭ ވުލޫކޮށްގެން ނަމާދުކުރާ އެއްޗެހި ހިފައިގެން އަންނަން. ތުއްތަ ގާތު ވެސް ބުނާތި ނަމާދަށް އަންނާށޭ” ޝީރީން އޭނާގެ ކޮޓަރީގެ ދޮރު ހުޅުވާލަމުން ބުނެލިއެވެ. ލަބީބަކީ ކުދިންގެ ކަންތައްތައް ވަރަށް ރަނގަޅަށް ބަލާ ބައްޕައެކެވެ. ރަނގަޅު ކުދިބަޔަކަށް ހުރިހާ ކުދިން ހެދުމަކީ އޭނާގެ އުންމީދެވެ. އެހެންވެ ކުދިންނަށް ހީވެފައި އޮންނަނީ ލަބީބަކީ ވަރަށް ހަރުކަށި ބައްޕައެއް ކަމުގައެވެ. އެކުދިން ބޭނުންހާ ގޮތްގޮތަށް އުޅުމުގެ ހުއްދައެއް ލަބީބު ނުދޭނެކަން އެނގޭތީ ވެސް މެއެވެ.
“އޯކޭ، އެކަމް ރީމް ވަރަށް ފޫހިވެގެންނޭ މަންމާ، ޓިއުޝަންގޭ ހޯމްވޯކް ވެސް ހަދައިފިން، ޑިކްޓޭޝަން ވެސް ދަސްކޮށްފިން” ޝަކުވާކުރާ ކަހަލަ ގޮތަކަށް ރީމް މިހެންބުނި އިރު އޭނާގެ ތުންކޮޅު ދިޔައީ އޫވަމުންނެވެ.
“އިޝާ ނަމާދުކޮށްލައިގެން މަންމަ ބުނާނަން ތުއްތަ ގާތު ލެޕްޓޮޕްދޭށޭ، އެކަމަކު ބުނަން، ގޭމް ކުޅެން އިނދެވޭނީ ބައްޕަ އަށެއްގެ ޚަބަރު ބަލާފައި ކާންއަންނަންދެން، ރުވާކޮއްކޮ ކުޅެން ވެސް ލެޕްޓޮޕް ދޭންވާނެ” ޝީރިން މިހެން ބުނުމާއެކު ދެބެންގެ މޫނުމަތިން ހިނިތުންވުން ފެނިގެންދިޔައެވެ.
“ތެންކިއު މަންމާ” ރީމް އާއި ރުވާ އެއްފަހަރާ ކަހަލަ ގޮތަކަށް މިހެން ބުނެ އެކުދިންގެ ކޮޓަރިއާ ދިމާލަށް ދުއްވައިގަތެވެ. ދެބެން ދެބެންނާ ސިއްރުން ކޮންމެވެސް އެއްޗެއް ބުނެލިތަން ވެސް ޝީރީނަށް ފެނުނެވެ. ހުޅުވާލި ކޮޓަރީގެ ދޮރުގައި ހިފަހައްޓާލައިގެން ހުރެ ހިނިތުންވެލަމުން ދެފަރާތަށް ބޯހޫރާލާފައި ޝީރީން އަވަސްވެގަތީ ފާޚާނާއަށް ވަނުމަށެވެ.
ސިޓިން ރޫމުގައި އަޅާފައި އޮތް ކާޕެޓުމަތީ ޖެހިޖެހިގެން ކަހަލަ ގޮތަކަށް މުއްސަލަތައް ފަތުރާލަފައި އޮތެވެ. އޭރު ޝީރާނައި ކުދިން މަޤުރިބު ނަމާދުކޮށް ނިމިއްޖެއެވެ. ސޯފާގައި ހަގު ދެބެން ހަތިމު ހިފައިގެން ޝީރީންގެ ދެފަރާތުގައި ތިބިއިރު ވަކިން ހުރި ގޮނޑީގައި ޒީވާ ވެސް ޤުރުއާން ކިޔަވަން އިނެވެ. އެހެންތިބިއިރު ވެސް ދޭތެރެއަކުން ރީމް ކިޔަވަން އިނދެފައި އެހެންކަމަކަށް ސަމާލުކަން ހުއްޓާލާތަން ފެނެއެވެ. ޝީރީނަށް ޖެހެނީ އަބަދުހެން އޭނާގެ ހަރަކާތްތަކަށް ސަމާލުވެ އިންނާށެވެ. ދަރިފުޅު ގާތު “ރީމް، ކިޔާ” މިހެން ބުނާށެވެ. އޭގެ ބަދަލުގައި ރުވާއަކީ މަޑުމަޑުން ހުންނަ ކުއްޖެކެވެ. އަނގަގަދަވެގެން ނޫޅެއެވެ. ތުއްތު އިރުން ފެށިގެންވެސް ބަލަން އެހާ ފަސޭހައެވެ. ކަމެއް ނުކުރާށޭ ބުނުމުން ވަރަށް ފަސޭހައިން އަޑުއަހާނެއެވެ. ހުރިހާ ކުދިންގެ ތެރެއިން ވެސް ރުވާއަކީ ޝީރީނަށް އެންމެ ގެންގުޅެން ފަސޭހަ ދަރިއެވެ. އޭނާ ބަސްއަހާ ވަރުން ޝީރިންނަށް އެންމެ ގިނައިން ބުނެވެނީ އެކުއްޖާގެ ލާނެތްކަންނެތް ވަރަށް ރީމްއަށް އެކަން ލިބިފައި ހުރިކަމެވެ. ލަބީބު ވެސް އެންމެ ގިނައިން އެއްޗެހި ބުނަން ޖެހެނީ ރީމްއާ ދިމާލަށް ވިއްޔާއެވެ.
“އަޅެ މަންމާ، މީ ހާދަ ދިގު ސޫރަތެކޭ، ކިޔާ ކިޔާ އަދިވެސް ނުނިމޭ” ހިންދެމިލާފަދަ ގޮތެއް ހަދާލަމުން ރީމް ބުންޏެވެ.
“ކުޑަ އިބްލީސްގަނޑެއް މީ، އެއުޅެނީ ޤުރުއާން ވެސް ނުކިޔަވަންށޭ، ބައްޕަ އައިހާ އަވަހަކަށް ރީމްގެ ވާހަކަ ކުޓުވާލާނަން” ކިޔަވަން އިން ޒީވާ ބުނެލިއެވެ.
“މަންމާ ބަލާބަލަ މިތުއްތަގަނޑު، އަޅެ ރީމް ނުކިޔަވަންތަ، މިހާރު ޔާސީން ވެސް ކިޔާ ނިންމައިފީމެންނު، ދޯ މަންމާ” ޒީވާއަށް ދެލޯ އަޅާލުމާއެކު ޝީރީނުގެ އަތުގައި ކޮއްޓަން ފެށީ މަންމަގެ ރުހުން ލިބިގަތުމަށެވެ.
“ޒީވާ، އެހެންނުކިޔާ، ރީމް، ދެންވެސް މަންމަގެ އަޑުދަށުން ކިޔާބަލަ، އޭރުން ތުއްތައަށް ވުރެ ކުރިން ނިންމާލެވޭނީ” ދަރިފުޅު ހައްދާލަމުން ޝީރީން ބުންޏެވެ. އާހިތްވަރަކާއެކު ރީމް ކިޔަވަންފެށީ ޒީވާއަށް ބަލާލަމުން ދޫނެރިލާފައެވެ.
ރޭގަނޑުގެ އަށެއް ޖަހާދިޔައިރު ވެސް ކާމޭޒުމަތީގައި އެންމެ ތަށްޓެއް ވެސް ނެތެވެ. ބަދިގެ ފަރާތުން މީހެއްގެ ހިލަމެއް ވެސް ނުވަނީއެވެ. ދެކޮޅު ހޯދާ ބަލާލުމަށްފަހު އަކްމަލް ބަދިގެ ތެރެއަށް ވަނެވެ. ބަނޑުހައިވެފައި ހުރެގެން އައިސް ތެލިތަކުގެ މަތި ހިއްލަން ފެށިއެވެ. ހުރީ ކޮންއެއްޗެއްކަން އެނގުމުން ތަށިހަރުގަނޑުން ތަށްޓެއްނަގައިގެން އައިސް ކުކަރުން ބަތްއަޅަން ފެށިއެވެ. އަދި ތެލިން ރިހަ އަޅައިގެން އައިސް މޭޒުމަތީ ބަހައްޓާފައި ޖޫސްތަށްޓެއް ގިރާލިއެވެ. އޭނާއަށް ކާން ނީށީނދެވިގެން އުޅެނިކޮށް އެތަނަށް އަދީލް ވަދެގެން އައެވެ.
“ރޮށްޓެއްނެތްތަ” އަކަމަލްގެ ތަށިފެނިފައި އަދީލް އަހާލިއެވެ.
“ފެންނާކަށްނެތް، މިއަދު މަންމަ ރޮށި ނުފިހަނީހެން ހީވަނީ، ހެނދުނުވެސް ހުރީ ބްރެޑެންނު” ގޮނޑިދަމާލަފައި އިށީން އަކްމަލް އޭނާގެ ބޭބެއަށް ބުންޏެވެ.
“ކަޑައޭ، މަންމަ ރަތަށް އަރައިގެން އުޅޭ ދުވަހެއް މިއަދަކީ، އަހަންނަށް އޭރު ވެސް އެނގުނޭ އެހެންވާނޭކަން، އެހެންނުވާނީ އެ ޒުބޭދާ މާ ހެނދުނަކާ މިގެއަށްވައްޓާލަން ވެއްޖެވިއްޔާ” އަދީލު ވެސް އައިސް އަމިއްލައަށް ތަށްޓަށް ކާއެއްޗެހި އަޅަމުން ހިތްހަމަނުޖެހިފައި ހުރި ރާގެއްގައި ބުންޏެވެ.
“ބައްޕައާ ޒުވާބެއް ހިންގާލީ ދޯ” އަދީލުގެ ވާހަކަ އަޑުއަހަން އިން އަކްމަލް ބުނެލިއެވެ.
“އެ ޒުބޭދާ ނުދައްކާނެ ރަނގަޅު ވާހަކައެއް، އޭނާ ކަމާކަންފަށާ މިގެއަށް އަންނަނީ އެހެންވެވިއްޔާ، މަންމައަކީ މީހަކު އެއްޗެއް ބުނާއިރަށް ޖެހޭނެ އެއެއް ޤަބޫލުކުރަން، ވަރިހަމަވާނެ ލޮލަށް ނުފެނުނަސް، މިހާރު ދެން އެކަން ކެނޑެންވެއްޖެ އެންނު” އަކްމަލްގެ ކުރިމަތީގައި އައިސް އިށީންނަމުން އަދީލު ބުންޏެވެ.
“ދޮންބޭ، އަހަންނަށް ދިހަ ރުފިޔާގެ ރީލޯޑެއް އަޅައިދީބަލަ، މާދަމާ އެބަޖެހޭ އިންޓަވިއުއަކަށް ދާން” އަކްމަލް އެއްޗެއް ނުބުނެ އިރުކޮޅަކު އިނދެފައި ބުނެލިއެވެ. ހީވީ ބުނަން ބޭނުންނުވެފައި އިނދެ ބުނިހެންނެވެ.
“އެހެންތަ، ކޮންތާކުން، ކިހާއިރަކު ދާންއޮތީ، އަންނަންވީތަ ބަލާ، މިރޭ ބޭރަށް ނުކުމެލާފައި ކޮށްދޭނަން، ނޫނީ ކާލައިގެން އާދޭ ކޮޓަރިއަށް، ރުފިޔާ ދިނީމަ އަކޫ އަމިއްލައަށް ވެސް ރީލޯޑުކޮށްލަން ދެވިދާނެ އެންނު” ވަގުތުން އަދީލުގެ ވާހަކަދެއްކުން ބަދަލުވެގެން ދިޔައެވެ. ކޮއްކޮއަށް އެހީތެރިކަން ފޯރުކޮށްދޭން އޭނާ ބޭނުންވީއެވެ.
އަތުގައި އޮތް ވާހަކަ ފޮތް ލައްޕާލަމުން މޭމަތީ އެފޮތް ބާއްވާލި ޒީވާ ޚިޔާލީ ދުނިޔައަކަށް ގެއްލިފައި އޮތެވެ. ހީވަނީ އަދިވެސް ވާހަކައިގެ ތެރެއިން އޭނާއަށް ނުނިކުމެވެނީ ހެންނެވެ. ނޫނީ އޭނާގެ އަމިއްލަ ޚިޔާލީ ދުނިޔެއެއްގައި އޮތްހެންނެވެ. ތުންފަތަށް ވެރިފައިވާ ލުއިހިނިތުންވުމުން އޭނާ އެވަނީ ފޮނި ހުވަފެނެއްގައިކަން ޔަޤީނެވެ.
“ރީމް ގަނޑާ، ވަރަށް ފޫހިވޭ، މަންމަ ގާތު ބުނެފީމޭ މިދެމީހުން މިކޮޓަރިން ބޭރު ކުރާށޭ” ކުއްލިއަކަށް ސިއްސައިގެން ދިޔަ ޒީވާ ހަޅޭލަވައިގަތެވެ. ފުންމައިގެން ތެދުވެ އިށީންނަމުން ލޮލުގައި އަޅާފައި އޮތް ނަންބަރު އައިނު ރަނގަޅު ކޮށްލިއެވެ. އޭނާ ސިހުނީ ގައިގާ އައިސް ޖެހުނު ބާލީހުގެ ސަބަބުންނެވެ. ދަމާލިއަތުން އެއްފަރާތުގައި ހުރި ކުޑަކަބަޑު މަތީ ވާހަކަފޮތް ބޭއްވުމާއެކު ދެއަތުން ބާލީހުގައި ބައްދައިގަތެވެ.
“ރީމް ހީކުރީ ތުއްތަ ހޭނެތިފަކަމަށް، ލޯހުޅުވައިގެން އެހެންއޮތީމަ ހީވާނީ އެހެންނު، ރީމް އެނދުން ފައިބައިގެން ދާން ކިހާ އުނދަގޫވާނެ، އެހެންވެ ރީމް ޗެކްކޮށްލީއޭ” ދުބަޔަށް ހުރި އެނދުގެ މަތީބައިގައި އިނދެ ރީމް ބުންޏެވެ. އޭރު ޒީވާ ސިހުނުގޮތް ފެނި އެނދުގެ ތިރީބައިގައި ނިދަން އޮތް ރުވާ ހޭން އިނެވެ.
ކޮޓަރީގެ އެއްފަރާތު ފާރުގައި ޒީވާގެ އެނދު ޖައްސާފައި ހުރިއިރު އަނެއްފަރާތުގައި ކުރިމަތިވާ ކަހަލަ ގޮތަކަށް ރީމް އާއި ރުވާ ނިދާ ދެބައިލީ އެނދުހުއްޓެވެ. ޒީވާގެ ޝަކުވާއަކީ މިހާރު އޭނާ ބޮޑުވެއްޖެކަމެވެ. އެހެންވީމާ އޭނާއަށް ވަކިން ކޮޓަރިއެއް ދިނުމެވެ. އެކޮޓަރިން އޭނާ ނުކުންނާކަށް ބޭނުމެއްނޫނެވެ. ހަގުދެބެން ތިބޭނޭ ކޮޓަރިއަށް ހަމަޖެއްސުމަށް ޝީރީންގެ ގާތުގައި ޒީވާ އެދޭތާ ކިތަންމެ ދުވަހެކެވެ. ކުރިން ޝީރީން ބުނަމުން އައީ ޒީވާގެ ސްކޫލު ނިމުމުން އޭނާއަށް އެކަނިއުޅޭނޭ ކޮޓަރިއަށް ދޭނަން ކަމުގައެވެ. މިހާރު ޒީވާ ސްކޫލު ވެސް ނިމިއްޖެއެވެ. އެހެންނަމަވެސް އަދިވެސް އޭނާ ކިޔަވަނީއެވެ. އެކަމަކު އެއީ އޭނާ ބޭނުންވެގެން ކުރާހިތުން ކުރާކަމެއް ނޫނެވެ. ލަބީބުގެ އެދުމަށް ދެކޮޅު ހަދަން ނުކެރިގެން ކުރާކަމެވެ. ޒީވާ ބޭނުންވަނީ ވަޒީފާއަކަށް ދާށެވެ. ލަބީބުގެ ވާހަކައަކީ އަދި ޒީވާ ވަޒީފާގެ މައިދާނަށް ނުކުންނަ ވަރަށްވުރެ ޅަކަމެވެ. އެހެންވީމާ އިތުރަށް ކިޔެވުމެވެ. ކިޔަވައިގެން ރަނގަޅު ފެންވަރެއްގެ މަޤާމަކަށް ކުރިމަތި ލުމެވެ.
“މަޑުމަޑުން ނޯވެވިގެން ހަމަގަސްދުގަ ރީމް ކުރިކަމެއް އެއީ، އިއްޔެ ސެންޓުފުޅި ތަޅާލީތީ ވެސް އެކަމަށް އަދި ފޮގިވްއެއް ނުކުރަން، ތުއްތަ ބޭނުމެއްނޫން ރީމްއާ ވާހަކަދައްކާކަށް، ރީމް އަސްލު ވާންވީ ބޯއީއަކަށް، ނޯޓީ ބޯއީއަކަށް، ގާލް ކުދިން އުޅޭ ގޮތްތައް ތީ، ތުއްތަގެ އެއްޗެއް ދެން ހަލާކުކޮށްލައިފިއްޔާ ރީމްގެ އެންމެ ރީތި ބޫޓު އަތުލާނަން، ގެންގޮސް ބަސްއަހާ ކުއްޖަކަށް އޭތި ދޭނީ” ރުޅިއަންނަން ބޭނުންވިޔަސް ޒީވާއަށް އެހެނެއްނުވިއެވެ. ހަޤީޤަތުގައި ރީމް ގޭގައި ނޫޅޭނަމަ އެގޭތެރެ ވަރަށް ފަޅުވާނެއެވެ. އަބަދުވެސް ޒީވާ ގެންގުޅޭ އެއްޗިއްސަށް ވަރަށް ޝައުގުވެރިވާނެއެވެ. ބައެއްފަހަރު ޒީވާ އުޅޭގޮތަށް އުޅެން ރީމް މަސައްކަތް ކުރާހެން ވެސް ހީވެއެވެ. އެދެބެން ބޮޑުވީ ޒީވާއާ އެއްކޮޓަރީގައި ނިދަމުންނެވެ. ރީމް އާއި ރުވާ އަބަދު ޒީވާގެ ފަހަތުން ދުވާތަން ފެންނަނީ އެހެންވެއެވެ. ޒީވާ އެންމެ ރުޅިގަދަވަނީ އޭނާގެ ފައިވާނާ ބޫޓުތަކަށް އަރައިގެން އެދެބެން ކުޅެން އުޅޭތީއެވެ. ފަޔަށްވުރެ އެތަށްތަނެއް ބޮޑުނަމަވެސް ޒީވާގެ ފައިވާންތައް އެކުދިންނަށް ކަމުދަނީ ފުންނާބުއުސްކޮށް ހުންނާތީއެވެ. އަދި ކައްޓެއްލާފައި ހުރެއްޖެނަމަ އެބޫޓެއް ފެންނާނީ ވެސް ރީމް އާއި ރުވާގެ ފައިވާން ހަރުގަނޑުންނެވެ. އެދެބެންގެ އެންމެ މަޤުބޫލު ކުޅިވަރަކީ “މޮޑެލް ކުރުމެވެ.” އެކަން ކުރެވެން އަންނަނީ ޒީވާގެ ފައިވަންތަކާއި ބޫޓުތަކަށް އަރައިގެންނެވެ.
“ތުއްތަ އަބަދު ސްޓޯރީ ކިޔަނީ ކީއްވެތަ، ރުވާ ވެސް ބޭނުން ތިސްޓޯރީ ކިޔާލަން” ކަބަޑުމަތީ އޮތް ފޮތަށް ބަލަން އިން ރުވާ ބުނެލިއެވެ.
“މީ ތިވަރުކުދިން ކިޔާކަހަލަ ވާހަކައެއްނޫން، މަންމަ ހުންނާނެ ރުވާމެން ކިޔަން ވާހަކަގަނެދީފައި، ތުއްތަ ވެސް ރުވާމެންގެ އެއްޗެހީގައި އަތެއްނުލަން، އެހެންވީމަ ތުއްތަގެ އެއްޗީގައި ރުވާމެން ވެސް އަތްނުލާތި، މިހާރު ނޭނގެ ކިތަށް ކަންފަތުލާ އެތިކަމެއް ގެއްލުނީ، ބުނީމަވެސް އަޑެއްނީވޭ ވިއްޔަ، މި ރީމްގެ ދެކަންފަތް ނުވެސް ހުންނާނެ، ހުރިނަމަތާ އަޑުއިވޭނީ، ދެން އޮށޯވޭ ނިދަން، ތިހެން ތިބެންވީކީނޫން، ދިހައެއް ނުޖަހަނީސް އެނދަށް އެރުވި މީހުންނޭ ތީ” ޒީވާ އެނދުގައި އިނދެފައި އަތުގައި އޮތް ބާލީސް ރީމްއަށް އެއްލިއެވެ.
މަގަތަށް އެނބުރިލި ނަބީހާ ކޮޓަރީގެ ދޮރާ ދިމާލަށް ކަޅިއެއް އެއްލަމުން ފާރުގައި ހުރި ގަޑިއަށް ވެސް އަވަސް ނަޒަރެއް ދިނެވެ. ރޭގަނޑު ބާރަޖަހަން އުޅެނީއެވެ. އަދިވެސް ވާފިރު ގެއަށް ނާދެއެވެ. ނަބީހާގެ މޫނުމަތިން ފެންނަނީ މާޔޫސްވެފައި އޮތްކަމުގެ އަސަރުތަކެވެ. ފޯނު ނަގާ ވާފިރަށް ގުޅަން ހިތަށް އެރިއެވެ. އެކަމަކު ނުކެރުނެވެ. އޭނާ ގެއަށް ނާންނަން ހުރީބާއޭ ވެސް ނަބީހާގެ ހިތަށް އެރިއެވެ.
“އަހަންނަށް މާބޮޑުވަރު ކޮށްލެވުނީ، އެހެންނޭ ވާނީ، ރުޅި އައީމަ އެއްޗެހި ވެސް ކިޔޭނެ، ޒުބޭދާ ވެސް ދެން ދޮގެއް ނުހަދާނެތާ، އަނެއްކާ އަހަންނަށް ވެސް އޮތީ އެކަން ޝައްކުވެފައި، އޮފީހުގައި އެހާ ގިނައިރު އުޅެން ޖެހޭނެތަ” ނަބީހާއަށް ބުނެލެވުނެވެ.
ނިތުގައި ކަނާތް ބާއްވާލައިގެން ވާފިރުގެ ފިކުރުގައި އޮތް ނަބީހާއަށް ބަދަލެއް އައީ ދޮރުގެ ތަޅުގައި މީހަކު ހިފިއަޑު އިވިފައެވެ. އެއީ ވާފިރު ނޫން މީހަކަށް ނުވާނެކަން ނަބީހާއަށް އެނގުނު ކަހަލައެވެ. އަވަސް އަވަހަށް ވާފިރު އޮންނަން އެނދުގައި ތަން ހަދާލުމާއެކު އޭނާ ދެލޯ މަރާލީ ނިދާފައި އޮތްކަމަށް ހެދެންވެގެންނެވެ.
ދޮރު ހުޅުވާލާފައި އެތެރެއަށް ވަން ވާފިރު ކޮޓަރީގެ ބޮކި ދިއްލަން އުޅެފައި ވެސް އެނދުގައި އޮތް އޭނާގެ އަންހެނުންނަށް ބަލާލިއެވެ. ނަބީހާ އޮތީ ނިދާފައި ކަމަށް ހީވާތީއެވެ. އޭނާ ބޮކި ދިއްލާތަނުން ނަބީހާއަށް ހޭލެވިއްޖެއްޔާ މުޅި ރޭގެ ނިދި ހަރާބުވެގެން ދާނޭކަން އެނގޭތީއާ ވެސް އެކުއެވެ. އަތުކުރީ އޮތް ގަޑި ނަގާ ރީތިވާ މޭޒުމަތީ ބާއްވާލުމާއެކު ވާފިރު ސިއްރުން ކަހަލަ ގޮތަކަށް އައިސް ފާޚާނާއަށް ވަނެވެ. އޭރު ވެސް ކޮޓަރީގެ ފަނޑުއަލިކަމުގެ ތެރޭ ނަބީހާގެ ލޯ ކުޑަކުޑަކޮށް ހުޅުވައިގެން އޭނާ އޮތީ ވާފިރު އުޅޭނޫޅޭގޮތް ބެލުމަށެވެ. އެހެން އޮއްވާ ގިނައިރެއްނުވެ ވާފިރު އައިސް އެނދުގައި އޮށޯވެއްޖެއެވެ.
“އައީތަ؟ ކިހާ އިރެއްތަ ގަޑިންވީ؟” އަނގައިން ނުބުނެ ނަބީހާއަކަށް ނޯވެވުނެވެ. ވަރުބަލިވެފައި އޮތް ވާފިރު ދެލޯ މަރާ ތަގުޅިކުރީ ނަބީހާއަށް ޖަވާބެއްދޭން ބޭނުންނުވާތީއެވެ. އަނެއްކޮޅުން އޭނާ އެހާ ސިއްރުން އުޅެނިކޮށް ނަބީހާއަށް ހޭލެވުނީ ކިހިނެއްބާއޭ ވެސް ހިތަށް އެރިއެވެ.
“އޭތް! ވާފިރު، ނިދީތަ؟” ނަބީހާއަށް ޖަވާބެއް ނުލިބުމުން ވާފިރުގެ ކޮނޑުގައި ހިފާދެކޮޅަށް ތަޅުވާލީ އޭނާ ހޭލައްވާލުމުގެ ބޭނުމުގައެވެ.
ނަބީހާ އާއި ވާފިރުގެ ކައިވެންޏަކީ ލޯބީގެ ގުޅުމެއްގެ މައްޗަށް ކުރެވުނު ކައިވެންޏެއް ނޫނެއްކަމަކު އެދެމެދުގައި ލޯބި އުފެދުނީ ކައިވެންޏަށް ފަހުއެވެ. އެއީ އެކައިވެންޏަކީ ނަބީހާގެ ކާފަގެ އެދުމުގެ މަތިން ކުރެވުނު ކައިވެންޏަކަށްވާތީއެވެ. ނުވެސް ދަންނަ ދެމީހުން ކައިވެނިކޮށްގެން އުޅެން ޖެހެމުން ކައިވެނީގެ ކުރީކޮޅު ދެމީހުންނަށް ވެސް އެކަކު އަނެކަކުގެ އިޙްސާސްތައް ދެނެގަންނަން އުނދަގޫވިއެވެ. ނަމަވެސް އެކުގައި ދުވަސްތައް ހޭދަވަމުން ދިޔަ ވަރަކަށް ވާފިރުގެ ހެޔޮކަމުން ނަބީހާގެ ހިތުން އޭނައަށް ޖާގައެއް ލިބިގެންދިޔައެވެ. ތިން ކުދިން ލިބުނުއިރު ކައިވެނީގެ ތާޒާކަން ގެއްލެމުންދާހެން ނަބީހާއަށް ހީވީ ކީއްވެކަމެއް ނޭނގެއެވެ. ފަހަރެއްގައި ވާފިރަށް އޭނާގެ ވަޒީފާއިން ލިބުނު ބޮޑު ކުރިއެރުމަށް އެކަން ވުން ގާތެވެ. އެދެމެދުގައި އޮތް ގާތްކަން ދުރުވާން ފެށީ އެހެންވެއެވެ. މަސައްކަތުގައި ވާފިރުގެ ގިނަ ވަގުތު ހޭދަކޮށްފައި އަންނައިރު ހުންނަނީ މީހާ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. އަނބިމީހާ އާއި ދަރިންނަށް އޭނާ ބޭނުންވާ މިންވަރަށް ވަގުތުދިނުން އޮންނަނީ ދަތިކަމަކަށް ވެފައެވެ. ޚާއްޞަކޮށް ހަގު ދަރިފުޅު އަކްމަލްއަށް ނަބީހާ ބަލިވެ އިނދެ ވިހޭ އިރު ވެސް ވާފިރަށް ހުންނަން ޖެހުނީ ރަށުން ބޭރުގައެވެ. އެކަމުގެ ސަބަބުން ނަބީހާގެ ހިތުގައި ކިލަނބުކަމެއް ވަނީ އުފެދެން ފަށާފައެވެ. ވާފިރު އޭނާދެކެ ލޯބިނުވާކަމުގައި ހީކުރެވެނީއެވެ. ތިންކުދިންނަށް ފަހު އަނބިމީހާގެ އާރޯކަން ގެއްލިއްޖެކަމުގައި އަމިއްލައަށް ވެސް ހީކުރެވެން ފެށީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ނޯންނާތީއެވެ. ނަބީހާ ބިރުގަންނަނީ ވާފިރު އޭނާ ދޫކޮށްލަ ފާނޭތީއެވެ. އެކަމަކު އޭނާއަށް ނުވިސްނެނީ ވާފިރު އުޅެންޖެހޭލެއް ބުރަކަމެވެ. އޭނާ ކާންދީ ބަލަހައްޓަންޖެހޭ ހަތަރު މީހުން ތިބިކަމެވެ. ދަރިން ބޮޑެތިވެ ވަޒީފާތަކަށް ނުކުންނަން ފެށީ އިހަށްދުވަހު ވިއްޔާއެވެ. އެހުރިހާ ކަމަކަށްވުރެ ވެސް ބޮޑަށް ނަބީހާ ކަންބޮޑުވަނީ ވާފިރަކީ މުސްކުޅި ނުވާ މީހަކަށް ވާތީއެވެ. ހަރަކާތްތެރިވެ އުޅޭއިރު ޒުވާނުންނަށް ދުލެއްނުކުރެއެވެ. އޭނާގެ ހިނދިބަޑާއި ވަރުގަދަ މުލަށްދަނޑީގެ އިތުރުން ބޮލުގެ އިސްތަށިގަނޑު އެހާ ވަރުގަދައެވެ. ހުދުއިސްތަށި ބޮލާ ތުނބުޅިން ފެންނަން ހުއްޓެއްކަމަކު ހީވަނީ އެވެސް ފެޝަނެއްހެންނެވެ. ހުދުކުލަ އަކުން ހައިލައިޓުކޮށްލާފައި ހުންނަހެންނެވެ. މޫނުމައްޗާ ގައިގެ ހަންގަނޑު ދޫވެ ރޫޖެހުމެއްނެތެވެ. އަބަދުވެސް ފެންނާނީ ވަރަށް ސްމާޓްކޮށް ހުއްޓައެވެ. ހަމުގެ ކުލަ މާއަލި ނޫނަސް އޭނާގެ އެރީތިކަން ދަރިންނަށް ލިބިފައިވުމީ ނަބީހާ އެންމެ ހިތްހަމަޖެހޭ ކަންތަކަށެވެ. ނަމަވެސް އޭނާ އާއި ވާފިރާ ގާތުގައި ތިބޭއިރު ނުގުޅޭކަމާމެދު ވިސްނެނީ ހަމައެކަނި ނަބީހާއަށެވެ. އެކުގައި އުޅޭ ރަޙުމަތްތެރިން މަޖަލަށް ކިޔާ އެއްޗިއްސާމެދު ނަބީހާއަށް ވިސްނެނީ މާބޮޑަށެވެ. ލޯގަނޑުން އަމިއްލަ ސޫރަ ބަލަން ނަބީހާ ބޭނުންނުވަނީ އެހެންވެއެވެ. ކޮންމެ ދަރިއަކު ލިބުމާއެކު ހަށިގަނޑަށް ބަދަލު އާދެއެވެ. އިސްކޮޅުން ކުރުވެފައި ގައިގާ ވަރުވަރުން މަސްޖަހާލީމާ މީހާ ހުންނާނީ ކޮންސިފައަކަށް ހެއްޔެވެ. ހިކެން އޭނާ ވެސް ބޭނުންވެއެވެ. އެކަމަކު އެއުމުރުގައި ކަސްރަތު ކުލާހަށް ދާހާ ހިތްވަރެއް ނަބީހާގެ ނެތެވެ. ކެއުން މަދުކުރަން ބޭނުމެވެ. ނަމަވެސް ޚިޔާރުކުރެވެނީ އަނގަޔަށް މީރު އެއްޗިއްސެވެ. ފައިގެ ނިޔަފަތި ކެނޑުމަކީ ނަބީހާއަށް ވާވަރުކަމެއްނޫނެވެ. އެކަން ކުރަން އޭނާ ގޮވަނީ އަންހެން ދަރިފުޅު ސުހާނާއަށެވެ. ޒަމާނީ މަންމައިން ލާފައި ތިބޭ ޖިންސާ ކުރުތާފަދަ އެއްޗެހި ލައިގެން އުޅެން ނަބީހާ ވެސް ބޭނުންވެއެވެ. ވާފިރަށް ތިއްތިދައްކާލުމަށެވެ. ނަމަވެސް ހެދުމެއްލައިފިއްޔާ ފުރަގަހެއް ކުރިމައްޗެއް ވަކިނުވާތީ ފަހަންޖެހުނީ ކަޅުކުލައިގެ ދެމޭފޮތީގެ ދިގުކޮށް ހުންނަ ހެދުމެވެ. ގޭގައި އިނދެ މިހުރިހާ ކަމަކާ ނަބީހާ ބޯގޮވުން ނޫންކަމެއް ނުވެއެވެ.
“ނިދީތަ؟” އަނެއްކާ ވެސް ނަބީހާ ވާފިރުގެ ގައިގާ ކޮށްޓާލިއެވެ.
“ކީކޭ؟ ގަޑިއޭ…” ވާފިރު ވެސް ގަސްދުގައި އަނގައިގާ ވަރުނުބަހައްޓާ ވާހަކަދެއްކީ، އޭނާ އޮތީ ނިދާފައިކަން ނަބީހާއަށް ޔަޤީންކޮށްދިނުމަށެވެ.
“ޖެހޭއިރަށް ނިދޭތަ، ކީއްތަވާނީ އަހަންނާ ވާހަކަދައްކާލަން ކުޑައިރުކޮޅަކު އޮވެލިއްޔާ” ދެލޯ އަޅާލި ނަބީހާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް އޭނާ އޮތީ ވާފިރަށް އިތުރަށް އުނދަގޫ ނުކުރާށެވެ.
ފަތިސްނަމާދުކޮށްލައިގެން ޝީރީން ބަދިގެ ފަރާތަށް ނުކުތީ ދަރިފުޅު ޒީވާއަށް ގޮވާފައެވެ. އޭރު ހަގު ދެބެން ވެސް ހޭލައި އުޅެއެވެ. ލަމްޔާ ވެސް އެމީހުންނާއެކު ފަތިސް ނަމާދުކުރި ގޮތަށް ނުނިދައެވެ. ޝީރީނާއެކު އޭނާ އައިސް ބަދިގެއަށްވަނީ ކޮފީތަށްޓެއް ހެދުމަށެވެ.
“މަންމާ، އަހަރެން ހިތަށް އަރައިގެން މިހިރީ މިއަދު ޗީޒްކޭކު އަޅަން، ރުވާއްކޮ ވަރަށް އެބަކިޔާ ކުރިމަތީ ހުރި ބޭކަރީއިން ޗީޒްކޭކުކޮޅެއް ގަނެދޭން” ކޮފީ ގިރާ މަގު ނަގަމުން ލަމްޔާ ބުނެލިއެވެ. އޭރު ޝީރީން ރޮށި ފިހަން ތައްޔާރުވަނީއެވެ. އެހެންނަމަވެސް ލަމްޔާގެ ދުލުން “މަންމާ”އޭ ކިޔާ ގޮވާލާ ކޮންމެ ފަހަރަކީ ޝީރީންގެ ހުރިހާ ސަމާލުކަމެއް އެދަރިފުޅަށް ހުއްޓޭ ވަގުތުކޮޅެކެވެ. އެހެންވާނޭތާއެވެ. މީހެއްގެ ދަރިއަކު ބަލާބޮޑުކުރާއިރު އެކުއްޖާގެ ދުލުން ތިމާއަށް މަންމާއޭ ކިޔާ ގޮވާލުމަކީ އަންހެނަކަށް ލިބޭނޭ އެންމެ ބޮޑު ޝަރަފެވެ.
“އެހެންވީރު އެތަނުން ގަންނަވީނު ޗީޒްކޭކުކޮޅެއް” ޝީރީން ބުންޏެވެ.
“އެތަނުން ހާދަ އަގުބޮޑޭ މަންމާ، ކުޑަކުޑަ އެތިކޮޅަކުން އެންމެން ކިހިނެއް ކާނީ، އެހެން ނޫނަސް އެއީ އެހާ އުނދަގޫ އެއްޗެއް ނޫނޭ ހަދާކަށް، އެހެންވެ ހިތަށް އެރީ އޮފީސް ނިންމާފައި އައިސް ކޭކުއަޅަން، މަންމަ އަހަންނަށް ކޮށްދޭންވީ ކަމަކީ، ޓްރޭއާ އެއްޗެހި ދޮވެލާފައި ބަހައްޓާލަދޭންވީ” ކޮފީމަގުގައި ސަމްސާ ހަލުވަމުން ލަމްޔާ ބުންޏެވެ.
“ސީރިއަސްކޮށްތަ، ޗީޒް ކޭކު އަޅަނީތަ، ސިސް އަންނަންވާއިރަށް އަހަރެން ވެސް އެއްޗެހި ރެޑީކޮށްލަ ދީފާނަން” ބަދިގެއަށް ވަދެގެން އައި ޒީވާއަށް ލަމްޔާމެން ދައްކަމުންދިޔަ ވާހަކަ އަޑުއިވިފައި އަވަސް އަވަހަށް ބުނެލިއެވެ.
“މާރަނގަޅެންނު، މަންމަ ކުރާކަށް ދެން ނުޖެހޭނެއެންނު، މިހިރީ މިގޭގެ ބޮޑުކައްކާ އައިހެންނު” ހީނލާފައި ޝީރީން ލޮލުގެ އިޝާރާތުން ލަމްޔާއަށް ޒީވާ ދައްކާލިއެވެ.
“ހާދަ މީރުވަހެކޭ ތިކޮފީތަށިން ދުވަނީ، އަޅެ ކޮފީ ބޮވައިގަނެއްޖެ” ލަމްޔާގެ އަތުގައި އޮތް މަގަށް ބަލާލާފައި ޒީވާ ބުންޏެވެ.
“ހޫން! ނުބުންޏަސް އެންމެރަނގަޅޭ، މިއުޅެނީ ގިރައިދޭން” ލަމްޔާ ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ. އެއާއެކު ޒީވާ ހޭންފެށިއެވެ.
“މިހާރު ޓެސްޓު ފެށިއްޖެ، އެކަމަކު މީނާ ފޮތެއްގައި އަތްލާތަނެއް ނުފެނޭ، ލަމްޔާ، ޒީވާ އެހަދާ ކޯހުގައި ދަސްކުރާނޭ އެއްޗެއް ނޯންނަނީތަ” ޒީވާއަށް ބަލާލާފައި ޝީރީން ލަމްޔާ ގާތުން އަހާލިއެވެ.
“ތެދެއް، އެގްޒޭމް ފެށީތަ، ދަސްކުރަން ނުހުރެއެއްނުދާނެ، ކީއްވެތަ ޒީވް ފޮތްނުކިޔަނީ، މިހާރު ވަޒީފާގަނޑެއް ދޭނެ މީހަކު ވެސް ނުވާނެ ރަނގަޅު ސެޓްފިކެޓްގަނޑެއް ނެތިއްޔާ” ލަމްޔާ އޭނާގެ ކޮއްކޮއަށް ވިސްނައިދޭން ފެށިއެވެ. އެކަމަކު އެއީ ޒީވާ އެންމެ އަޑުއަހަން ބޭނުންނުވާ ވާހަކަތަކެވެ. މަންމަ އާއި ބައްޕަގެ ފަރާތުން ވެސް އަބަދު އިވޭނީ އެފަދަ ވާހަކަތަކެވެ.
“އަހަރެން ޖޮބަކަށް އެޕްލައި ކުރީމައެންނު އެނގޭނީ އަދި ނުލިބެންޏާ ވެސް، އަޅެ މަންމާ، ބައްޕަ ގާތު އަނެއްކާ ވެސް އެވާހަކަ ދައްކަބަލަ، އަހަރެން ޖޮބަކަށް ދާން ބޭނުން، ބައިވަރި ކުދިން ޖޮބަށް ދަމުން ވެސް ކިޔަވައެންނު، އެގޮތަށް އަހަންނަށް ވެސް ކިޔެވޭނެ އެންނު” ޒީވާ އާދޭސްކުރާ ފަދަ ގޮތަކަށް ބުނެލިއެވެ.
“އެހެންކުދިން އުޅެނީ ވަޒީފާއަށް ނުދާންވެގެން، ގޭގައި މައިންބަފައިންގެ ޚަރަދުގައި އުޅެން ގަސްދުކޮށްގެން، އެކަމަކު މީނާ އެއާ އިދިކޮޅު، ސްކޫލު ނުނިމޭ ވަޒީފާއަށް ދާން ކިޔަންފެށިއިރު، މާއަވަހަށް ބޮޑުވާހިތުން އުޅޭ ދަރިއެއްމީ” ފުށްގަނޑު މޮޑެން ހުރި ޝީރީން ބުނެލިއެވެ. އެއާއެކު ލަމްޔާ އޭނާގެ ގާތުގައި އިން ކޮއްކޮގެ ކޮނޑުގައި އަތްއަޅާ ކޮށްޕާލީ މަންމަ އެދައްކާ ވާހަކަ އަޑުއަހާށޭ ބުނާފަދައަކުންނެވެ. ވަގުތުން ޒީވާ ތުންއަނބުރާލަމުން ދެކޮނޑު އެލުވާލީ މާޔޫސްވެގެންނެވެ.
* * * *
“މިއަދު ހާދަ ހެނދުނަކާ ރޮށި ފިހެލާފައި” ވާފިރު ބޭނުންވީ ނަބީހާއަށް ތަޢުރީފު ކޮށްލާށެވެ.
“ރޮށިފިހޭނެ އެންނު، މިހާރު ވާފިރަށް މިގެއިން އެއްޗެއް ކެވޭގޮތެއް ނުވޭވިއްޔާ، ކާގަޑިތަކުގައި ގެއަށް އައީވިއްޔާ ފާފަވެރިވަނީތަ؟” ނަބީހާ ސައިތަށި ގެނެސް ވާފިރުގެ ކައިރީ ބަހައްޓަމުން ބުނެލިއެވެ.
“ނަބީހާ، އަބަދު ތިހެން މޫނު ހަދާފަ ނުހުރެބަލަ، އަހަރެން މިގެއަށް ނައިސް ދާން އޮތީ ވަކި ކޮންތާކަށް، އަހަރެންގެ އަނބިމީހާ އާއި ކުދިން ތިބީ މިތަނުގަ” ވާފިރު މަޑުމައިތިރިކަމާއެކު ބުނެލިއެވެ.
“މަށަކަށް ނޭނގެ، މިހާރު ކުދިން ބޮޑެތިވީމާ އެކުދިންގެ އުނދަގުލެއް ވެސް ނުޖެހޭނެއެންނު، އެހެންވީމަ ވާފިރު ބޭނުންގޮތަކަށް އުޅޭވޭނެއެންނު، ދަރިން ބަލާނެ މީހަކު ވެސް ބޭނުމެއްނުވާނެ ވިއްޔާ” ނަބީހާ މޫނު އަނބުރާލަމުން ބުންޏެވެ.
“ތިކަހަލަ ވާހަކަ ނުދައްކަބަލަ، އަހަރެން ނޫޅެމޭ ނަބީހާ ދޫކޮށްލާފައި އެހެން އަންހެނެއްގެ ގާތަށް ދާކަށް، އެހެންނޫނަސް މިހާރު އަދީލު ސައިބޯން އަންނަން އުޅޭނެ، އަހަރުމެން ދެމީހުން ޒުވާބުކުރާއަޑު ދަރިންނަށް އިވެންޏާ އެކުދިން އަހަރުމެންނަށް ކުރާ އިހުތިރާމު ކުޑަވާނެޔޭ” މިހެން ބުނެ ވާފިރު އިސްޖަހާލަމުން ސައިބޯން ފެށިއެވެ.
“އެމީހުންނަށް ވެސް އެނގެންޖެހޭނެ އެންނު، ކީއްކުރަން ސިއްރުކުރަނީ” ނަބީހާ ބުނެލިއެވެ.
“އަހަންނަށް މެންދުރު ގެއަށް ނާދެވުނަސް، އިރުއޮއްސުމުގެ ކުރިން މިއަދު ގެއަށް އަންނާނަން، މިރޭ ނުދާނަން އޮފީހަކަށް، ނަބީހާ އާއި ކުދިންނާއެކު ރޭގަނޑުގެ ކެއުން ކާނީ، މީރު އެއްޗެއް ހަދަންވާނެ އެންނު” ވާފިރު މަސައްކަތްކުރީ ނަބީހާގެ ހިތްހަމަޖައްސައިދެވޭތޯއެވެ. ނަބީހާ އަނގައިން ނުބުނެ އިނެވެ. ގިނައިރެއްނުވެ އެތަނަށް ދޮށީ ދަރިފުޅު އަދީލު ވަދެގެން އައިތަން ފެނުނެވެ. އޭނާ ވަދެގެން އައިގޮތަށް މޭޒުދޮށުގައި އިން ވާފިރަށް ގޮވާލުމާއެކު ސައިބޯން އިށީނެވެ. ނަބީހާ ތެދުވެ އަދީލަށް ތަށްޓެއް ގެނެސް ބެހެއްޓިއެވެ. އަނގައިން ނުބުނެ ތިބެ ސައިބޮއެލައިގެން ދެބަފައިން ގެއިން ނުކުތީ އެކުއެކީހެންނެވެ.
އިންޓަވިއުއަށް ދާންޖެހޭ ގަޑި ކައިރި ނުވާތީ ދުވަހުގެ ވަގުތު ހިނގަނީ މާލަހުންހެން އަކްމަލްއަށް ހީވިއެވެ. ހަވީރު ފުޓުބޯޅަކުޅެން ދިއުން ކެންސަލް ކޮށްފައި އަކްމަލްގެ ކަމަކީ ގަޑިބެލުމެވެ. މެންދުރުފަސްވެ ތިނެއްޖެހި އިރު އޭނާ ތައްޔާރުވެ ނިމިއްޖެއެވެ. ދެފަހަރަކު އަތުގައި އޮތް ފައިލުވެސް ޗެކުކޮށްލައިފިއެވެ. ހުރިހާ ސެޓްފިކެޓް ހަމައަށް ހުރިތޯއެވެ. އަނެއްކާ ވެސް އޭނާ ތެދުވެގެން އައިސް ލޯގަނޑު ކުރިމަތީ ހުއްޓިލަމުން އިސްތަށިގަނޑަށް ބަލާލިއެވެ. އަދި އިނގިލިތަކުން ކުޑަކޮށް ރަނގަޅުކޮށްލާފައި ގަމީހުގެ ބެގީ ވެސް ރަނގަޅުކޮށްލިއެވެ. އިންޓަވިއުތަކަށް ދިއުމަކީ އާކަމަކަށް ނުވިޔަސް އޭނާ ހުރީ ކުޑަކޮށް ހާސްވެފައެވެ. އެއް ވަޒީފާއަކަށް އެދި އެތައްބަޔަކު ދާނޭކަން އެނގޭތީއެވެ. އަދި ތަނުގެ ވެރިން ކުރާނީ ކޮންކޮން ސުވާލެއްކަން ނޭނގޭތީއެވެ. ވޭތުވެދިޔަ އިންޓަވިއުތަކުން ލިބުނު ތަޖުރިބާތަކާމެދު އަކްމަލް ވިސްނަމުންދިޔައެވެ. އެމީހުން އޭނާއަށް ކުރި ސުވާލުތަކަށް އޭރު ދެވުނު ޖަވާބާމެދުއެވެ. އަދި އެފަދަ ސުވާލެއް ކުރިމަތިވެއްޖެ ނަމަ ފުރިހަމަ ޖަވާބެއް ދޭނެ ގޮތަކާމެދުއެވެ. ވެވުނު އެންމެ ރަނގަޅަކަށް އަކްމަލް ހުރީ ތައްޔާރުވެގެންނެވެ.
ހަތަރެއް ޖަހަން ފަނަރަމިނެޓު ހުއްޓާ އަކްމަލްއަށް އަދީލު ގުޅިއެވެ. އޭނާ އިނީ އަކްމަލް ބަލާ އައިސް ގޭދޮށުގައެވެ. އަކްމަލް އިންޓަވިއުއަށް ދާންޖެހޭ އޮފީސް ހުރި އިމާރާތުގެ ކައިރިއަށް އަދީލު އޭނާ ގެންގޮސްދިނެވެ. އަދި އަކްމަލް ފޭބުމާއެކު އެނބުރި އޮފީހަށް ދިއުމަށް އޭނާ ސައިކަލު އަނބުރާލި ވަގުތު މަގު ހުރަސްކޮށްލި އަންހެން ކުއްޖާ އަދީލުގެ ލޮލުގައި އަޅައިގަތެވެ.
އަތުގައި އޮތް ބޮޑުފޮތާއި ކޮނޑުގައި އަޅުވާލައިފައި އޮތް ދަބަސް ވެސް އަދީލުގެ ލޮލުގައި އަޅައިގަތެވެ. މަޑުމަޑުން ސައިކަލު ދުއްވަމުން ދުވާރާކައިރިން އައީ އެއަންހެން ކުއްޖާއަށް ތަންކޮޅެއް ރަނގަޅަށް ބަލާލުމުގެ ބޭނުމުގައެވެ.
“ކިޔަވަންތަ ތިދަނީ؟ ނޫނީ ނިމިގެންތަ؟” އަދީލުގެ ސައިކަލުގައި އެއަންހެން ކުއްޖާއާ އެއްހަމައެއްގައި ދުއްވަމުން އަހާލިއެވެ. އެހިނދު އެއަންހެން ކުއްޖާ އަދީލަށް ބަލާލީ ރުޅިވެރިގޮތަކަށެވެ. ދެބުމަކައިރިކޮށްލުމާއެކު ތުންފަތްދެކޮޅަށް ތަޅުވާލަމުން ލޯއަޅާލިއެވެ. އަދި އިމާރާތްތަކާވީކޮޅަށް ބޮޑަށް ޖެހިލިއެވެ. ހީވީ އަދީލުގެ ކިބައިން ސަލާމަތްވުމަށް ކޮށްލިކަމެއްހެންނެވެ.
“އައްދޭ! ހާދަ ރުޅިއެއްތިއައީ، ތިހާ ރީތި ކުއްޖަކު އެކަނިދާކަށް ނުވާނެ، ސައިކަލަށް އަރަންވީނު، އަހަރެން ތިދާތަނަކަށް ކަނބުލޮގެންގޮސްދީފާނަން” އަދީލު މިހެން ބުނެލުމާއެކު ސައިކަލު ކުޑަކޮށް މަޑުކޮށްލިއެވެ. އެހެންނަމަވެސް އެއަންހެންކުއްޖާގެ ހިނގުންވީ ބާރެވެ. އޭނާ މަޑުކުރުމެއްނެތި ކުރިއަށްދާންފެށުމުން އަދީލު ވެސް މަޑަކޮށްގެން ނީނެވެ. ވާހަކަނުދެއްކިއެއްކަމަކު އެއަންހެން ކުއްޖާގެ ފަހަތުން އަދީލު އައެވެ. ބޭނުމަކަށްވީ އެއަންހެންކުއްޖާ އުޅޭ ގެއަށް އޮޅުންފިލުވުމެވެ. ނަމަވެސް އެއަންހެން ކުއްޖާ އައިސްވަނީ ސައިރެކްސް ކޮލެޖުގެ ތެރެއަށެވެ. އަތުކުރީ އޮތް ގަޑިއަށް ބަލާލުމާއެކު އަދީލު ބޯޖަހާލިއެވެ. އަދި ތުންފަތަށް ވެރިވި ލާނެތް ހިނިތުންވުމާއެކު ސައިކަލު ދުއްވާލިއެވެ.
ގޮނޑިތަކުގައި އިށީނދެގެން ތިބި ކުދިންތައް ފެނި އަކްމަލް ފިނިވާގޮތްވިއެވެ. އޭނާގެ އިތުރުން ފަސްކުދިންތިއްބެވެ. އޭނާގެ ކުރިން އައިސް އެތަނުން ދިޔައީ ކިތައްކުދިން ބާއޭ ވެސް އަކްމަލްގެ ހިތަށް އަރަމުންދިޔައެވެ. އެހެން އިންދާ އަކްމަލްއަށް އަންހެން ކުއްޖަކު ގޮވާލީ ތިންވަނައަށެވެ. އޭނާ އައިސް އެއަންހެން ކުއްޖާ އިޝާރާތްކުރި ކޮންފަރެންސް ރޫމަށް ވަނެވެ. ކުކުޅުބިސް ބުރުގެ ބޮޑުމޭޒުގެ ދޮށުގައި ތިބި ހަތަރު މީހުން އެއްކޮށް ކަހަލަ ގޮތަކަށް އަކްމަލްއަށް ހިނިތުންވެލިއެވެ. އަދި އޭގެތެރޭން އެކަކު އިޝާރާތްކޮށްލި ގޮނޑީގައި އަކްމަލް އައިސް އިށީނެވެ. ފުރަތަމަވެސް ސުވާލެއް ކުރީ އެމީހުންގެ ތެރޭގައި އިން އަންހެން މީހާއެވެ. އެއީ އެކޮމްޕެނީގެ އެޗް.އަރ ޑިޕާޓްމެންޓުގެ ވެރިޔާކަމުގައި އޭނާ އަމިއްލައަށް ތަޢާރަފްވެލިއެވެ. ކުރިން އުޅުނު ވަޒީފާއަށް ވީގޮތެއް އެމީހުން އޮޅުން ފިލުވަން ބޭނުންވިއެވެ. އެހެންވެ އަކްމަލް ކަންތައްވީގޮތް އެމީހުންނަށް ސާފުކޮށްދިނެވެ.
އިންޓަރވިއު ނިންމާލާފައި އަކްމަލް ނުކުތްއިރު އޭނާގެ މޫނުމަތިން ހިތްހަމަޖެހިފައި ހުރިކަމުގެ ކުލަވަރު ފެންނަމުންދިޔައެވެ. އެހެންނަމަވެސް ވަޒީފާ ލިބޭނޭކަމުގެ ޔަޤީންކަމެއް އޭނާގެ ނެތެވެ. އިމާރާތުން ބޭރަށް ނުކުމެ ދެފަރާތަށް ނަޒަރު ހިންގާލުމާއެކު މަޑުހިނގުމުގައި އޭނާ ހިނގައިގަތީ ގެއާ ދިމާލަށް ދިއުމަށެވެ. އެގަޑީގެ ގޮތުން މަގުގައި ހޭލަމޭލަވެ އުޅޭ މީހުން ގިނަވެފައި އޮތް ވަގުތެކެވެ. ދުއްވާއެއްޗެހީގެ ބަރުގޮނުގެ އަޑުފަށް ދެކަންފަތް ބީރުވާހާ ވެއެވެ. ނޭނގި ހުއްޓާ ގައިގާ މީހަކު ޖެހިފައި ދިއުމުން އަކްމަލްއަށް ބަލާލެވުނެވެ. އުމުރުން ދެބައިއުމުރަށް ވުރެ މައްޗަށް ގޮސްފައި ހުރި މީހެކެވެ. ގަސްދުގައި އެމީހާ ޖެހިގަތީއޭ އަކްމަލްގެ ހިތެއް ނުބުންޏެވެ. އެހެންވެ އަނެއްކާ ވެސް ކުރިއަށް ދިއުމަށް ފިޔަވަޅު އަޅާލި ވަގުތު ފައިގައި އެއްޗެއް ޖެހުނުހެން ހީވެ ބަލާލެވުނެވެ.
“ވޮލެޓް، އެމީހާގެ ކަންނޭނގެ، ނަގަންވީބާ، ނޫނީ އެހެންމީހަކު ނަގަންދެން ބާއްވަންވީ ކަންނޭނގެ” ފައިދޮށުގައި އޮތް ވޮލެޓަށް ބަލަހައްޓައިގެން ހުރި އަކްމަލްގެ ހިތަށް އެރިއެވެ. ކުރިއަށް ހިނގައިގަންނަން އުޅެފައިވެސް މީހުންގަނޑުގެ ތެރެއަށް އެވޮލެޓު ދޫކޮށްލާފައި ދާން އަކްމަލްގެ ޟަމީރު އެއްބަހެއް ނުވިއެވެ. މީހުންގެ ގޮތް ނޭނގެނެތީއެވެ. އޭގެ ވެރިފަރާތަށް އޭތި ރައްދުކޮށްދޭނެކަމުގެ ޔަޤީންކަން ނެތީމައެވެ. ދެފަރާތަށް ބޯހޫރާލާފައި ލީ ފުންނޭވާއާއެކު އަކްމަލް ގުދުވެ ދުވާރުމަތިން ވޮލެޓު ނެގިއެވެ.
“އަޙުމަދު ލަބީބު އާދަމް، މއ. ސެވެންސްޓަރ” ވޮލެޓު ހުޅުވާލި އިރު ފެންނަން އޮތް އައި.ޑީ ކާޑަށް އަކްމަލް ބަލާލަމުން އޭގައި އޮތް އެއްޗެއް ކިޔާލިއެވެ. އަދި ވޮލެޓު ލައްޕާލުމާއެކު ފަޓުލޫނުގެ ޖީބަށް ލަމުން ހިނގައިގަތެވެ.
“މިގަޑިއަކު ނުދެވޭނެ، އެކަމަކު ހީވަނީ ފައިސާ ނަގައިގެން އެބޭބެ ނިކުތީ ދެންމެހެން، އެވާނީ ޖީބަށް ލާން އުޅުމުގެ ތެރޭގައި ވޮލެޓު ވެއްޓުނީކަމަށް، ބޮޑުކަމެއް ޖެހިގެން ފައިސާ ނެގީކަމަށް ވެސް ވެދާނެ، ލަސްނުކޮށް ހަވާލުކުރިއްޔާ އެއީ އެންމެ ރަނގަޅުގޮތް، މިރޭ އިޝާ ނަމާދަށްފަހު ވޮލެޓު ހިފައިގެން ދާނީ، އެގޮތް ރަނގަޅުވާނެ” ގެއާ ހަމައަށް އައި އަކްމަލް ވޮލެޓަށް ހަދާނެގޮތަކާމެދު ވިސްނާ ގޮތެއްނިންމިއެވެ.
“ދަރިފުޅާ، ކޮބާ ކިހިނެއްވަނީ، ލިބޭނެހެން ހީވޭތަ” ސިޓިން ރޫމުގައި އިން ވާފިރަށް އެތެރެއަށް ވަން އަކްމަލް ފެނުމާއެކު އެހިއެވެ.
“އަދި ނޭނގެ، އިންޓަރވިއު ދިޔަގޮތާމެދު ހިތްހަމަޖެހޭ، އެކަމަކު ވަޒީފާ ދިނުމާ ނުދިނުން އޮންނާނީ އެމީހުންގެ އަތްމަތީއެންނު، ބައްޕައަށް ކިހިނެއް އެނގުނީ އަހަރެން އިންޓަރވިއުއަށް ދިޔަކަން” އަކްމަލް ހައިރާންވެފައި އަހާލިއެވެ.
“ބައްޕަ ގޭގަ އިންދައޭ އަދީލު އައިސްވަނީ، ދަރިފުޅު ކޮބާތޯ އެހީމަ ބުނީ، މިއައީ އިންޓަރވިއުއަކަށް ތަނަކަށް ލާފައޭ، ދެންދޭ ހަމަޖެހިލައިގެން ސައިބޯން، ބައްޕަ މިއަދު އަވަހަށް ގެއަށް އަންނަމުން އައީ ހެދިކާ ހިފައިގެން، މަންމަ އާއި ސުހާނާ ދައްތަ ވެސް އެބައުޅޭ އެފަރާތުގައި” ވާފިރު ބުނެދިނެވެ.
އަކްމަލްއަށް ސުހާނާގެ ނަން އިވުމާއެކު ވެސް މީހާއަށް ފޫހިކަން ވެރިވެގެން ދިޔައެވެ. އިސްޖަހާލަމުން ބަދިގެ ފަރާތަށް ދިއުމުގެ ބަދަލުގައި އަކްމަލް ހިނގައިގަތީ އޭނާގެ ކޮޓަރިއަށް ދިއުމަށެވެ. އެއްބަނޑު އެއްބަފާ ދެބެންނެއް ކަމަކު އަކްމަލް އާއި އޭނާގެ ދައްތަގެ މެދުގައިވަނީ ނަފުރަތުގެ ފަރުދާއެއް ދަމާލެވިފައެވެ. ސުހާނާގެ ކުރިމައްޗަށް އަރަން އަކްމަލް ބޭނުންނުވަނީ އެހެންވެއެވެ. އަނެއްކޮޅުން މަންމަގެ އެހުންނަ ޒީލަގަދަކަން އޭނާގެ ދޮންތައަށް ވެސް ލިބިފައި ވެއެވެ. އަނގަ ހަލުވިވެފައި ދޫނުބައެވެ. ޢާއިލާގައި އަދީލު ނެތްނަމަ އަކްމަލް އަނގައިން ބުނެލާނެ މީހަކު ވެސް ނުހުންނާނެ އެވެ. އެހެންނަމަވެސް އަދީލާއި އަކްމަލް ދެމެދު އޮންނަ ގުޅުމަކީ އެހާ ގާތް ގުޅުމެއް ވެސް ނޫނެވެ. އަދީލު އޭނާގެ އަމިއްލަ ދިރިއުޅުމާ ބެހޭ ގޮތުން އަކްމަލްއާ ވާހަކައެއް ނުދައްކައެވެ. ހަމައެގޮތަށް އަކްމަލް ވެސް އޭނާގެ ހިތުގެ އިޙްސާސްތަކާއި ޝުއޫރުތައް އަދީލާ ހިއްސާއެއް ނުކުރެއެވެ. ކޮއްކޮ އާއި ބޭބެއަށް ވީތީ އަނގައިން ބުނެލާ ބުނެލުމެވެ. އެއީ ކެނޑިގެން ނުދާނޭ ގުޅުމަކަށް ވީމައެވެ.
ސިޓިން ރޫމުގައި އިން ވާފިރުގެ ފޯނުން ރަނގަބީލު އަޅަން ފެށުމުން އޭގެ ސްކްރީނަށް ބަލާލިއެވެ. އޭނާ ކުޑަކޮށް ސިހުމާއެކު ގޭތެރެއަށް އަވަސް ނަޒަރެއް ދިނެވެ. އަދި ކުއްލިއަކަށް ތެދުވުމާއެކު ހަލުވިކޮށް ގޭތެރެއިން ނުކުންނަން ދިޔައެވެ.
“ވާފިރު، ކޮންތާކަށް” ދޮރޯށިން ނުކުމެ ނުކުމެ ހުއްޓާ ނަބީހާ ގޮވާލިއެވެ.
“ދުރަކަށް ނުދަން، މިހިރީ ދޮރުމަތީ މަޑުކޮށްލައިގެން” ހާސްވެފައި ހުރި ވާފިރު ހަމަޖެހެން މަސައްކަތްކުރަމުން ބުނެލިއެވެ. އަދި ސިއްރުން ކަހަލަ ގޮތަކަށް ނަބީހާ އޭނާގެ ފަހަތުން އާދޭތޯ ބަލަންހުރެފައި ފޯނު ނަގާ ކަންފަތުގައި ޖަހާލިއެވެ.
“ހެލޯ…” ވާފިރު ދޮރޯއްޓާ ނިވާވެގެން ކަހަލަ ގޮތަކަށް ހުރެ މަޑުމަޑުން ބުނެލިއެވެ.
ދޮރާދިމާލަށް ނަބީހާ ބަލާލާފައި އައިސް ސޯފާގައި އިށީނެވެ. އަދި ޓީވީގެ ޗެނެލް ބަދަލުކޮށްލިއެވެ. ވާފިރު މިއަދު ތަންކޮޅެއް ކުރިން ގެއަށް އައީތީ ނަބީހާ ހުރީ ހިތްހަމަޖެހިފައެވެ. އަނެއްކޮޅުން ހިތުގައި ސުވާލު ވެސް އުފެދިފައެވެ.
“ބުނާނެ ބަޒީކަމުން ކުރިން ނާދެވެނިއްޔޭ، އެކަމަކު މިއަދު އަންނަން ބޭނުންވީމަ އެއާދެވުނީ އެންނު…” ނަބީހާ ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިނެއްކަމަކު އޭނާގެ ހިތަށް އަރަމުންދިޔައެވެ.
ރޭގަނޑަށް މީރު ކާއެއްޗެއް ތައްޔާރު ކުރުމުގައި ނަބީހާ އަވަސް އަރުވާލާފައި އުޅެއެވެ. އަކްމަލް ގެއިން ނުކުތްކަން އެނގޭ އެކަކު ވެސް ނެތެވެ. ދަރިން މިހާރު އެތިބީ ބޮޑެތިވެފައި ކަމުގައި ނަބީހާ ދެކެއެވެ. އެހެންވީމާ މިހާރު އެކުދިން އުޅޭ ނޫޅޭގޮތް ކޮންމެހެން ބެލުމަކީ ނަބީހާއަށް މުހިއްމުކަމެއް ނޫނެވެ. އަތުގައި އޮތް ފޯނަށް އަކްމަލް އަދިވެސް އެއްފަހަރު ބަލާލިއެވެ. ގޫގުލް މެޕްގެ އެހީގައި އޭނާ އެޑްރެސް ޔަޤީންކޮށްލީއެވެ. އަދި ވަރަށް ވިސްނައިގެން މަގުތައް ދެނެގަންނަމުން ކުރިއަށް ދިޔައެވެ.
* * * *
އިޝާ ނަމާދުން ފޭބިގޮތަށް ކުދިވެރިން ކޮޓަރިއަށް ދިޔައެވެ. ޝީރީން ވަނީ ބަދިގެއަށެވެ. ރޭގަނޑު ކާމޭޒުމައްޗަށް އެއްޗެހި ނަގަންވާއިރަށް ހޫނުކޮށްލުމަށެވެ. އާދައިގެ މަތިން ޒީވާގެ ފަހަތުން ކުޑަދެބެން އުޅުނެއެވެ. ކޮޓަރުން ނުކުން ޒީވާ އައިސް ވަނީ ލަމްޔާގެ ކޮޓަރިއަށެވެ. އޭނާގެ ފަހަތުން ރީމް އާއި ރުވާ ވެސް ވަނެވެ.
“ސިސް ތިއުޅެނީ ބޭގެއް ގަންނާކަންނު ދޯ، އަޅެ ޒީވްއަށް ވެސް ބޭގެއް ގަނެދީބާ، މިހާރު ގެންގުޅޭ ބޭގު ތަންކޮޅެއް ކުޑައީ، ފޮތްވެސް ލެވެނީ ކިރިޔާ” ލަމްޔާގެ އެނދުމައްޗަށް ވެއްޓިގަންނަމުން ކަހަލަ ގޮތަކަށް ޒީވާ ބުންޏެވެ. އޭރު އޮފީސް ޔުނީފޯމާއެކު އަރަން ގެންގުޅޭ ބޫޓު ސާފުކުރަން ލަމްޔާ އިނެވެ. ކޮއްކޮމެންގެ ކަންކަން ކޮށްދިނުމަކީ އޭނާ އުފަލާއެކު ކުރާކަމެކެވެ. ލަމްޔާ ގާތު ކަންކަމުގައި ކިޔަން ކެރެނީ ވެސް އެހެންވެއެވެ. ޒީވާ އާއި ހަގުދެބެން ކަމަކު އެދެފިނަމަ ދުވަހަކުވެސް ލަމްޔާ ނޫނެކޭ ނުބުނާނެއެވެ. ޚާއްޞަކޮށް ވަޒީފާއަށް ނުކުންނަން ފެށީއްސުރެން އޭނާ ކޮއްކޮމެންނަށް ކުރާ ޚަރަދު ވަކި މަދެއްނޫނެވެ. ގެއިން ބޭރުގައި އުޅެނިކޮށް ރީތި އެއްޗެއް ފެނިއްޖެނަމަ އެކޮއްކޮ މެންނަށް ގެނެސްދެއެވެ. މީރު ކާއެއްޗެއް ފެނިއްޖެނަމަ ހިފައިގެން އާދެވެނީ ގެއަށެވެ. އެކުދިންނަށް ނުދީ ކާހިތްނުވަނީއެވެ. ޝީރީންގެ ޚިޔާލު ހުރިހާކަމަކަށް ލަމްޔާ ހޯދައެވެ. ދުވަހަކުވެސް އެއީ އޭނާގެ އަމިއްލަ މަންމަ ނޫންކަމެއް އިޙުސާސް ނުވެއެވެ. ބޮޑުވަމުން އައިއިރު އެހަޤީޤަތް ލަމްޔާއަށް އެނގުނެއްކަމަކު ޝީރީންގެ މައްޗަށް އޭނާގެ ހިތް ސާފެވެ. ލޯބިވާ މަންމައަކީ މިހާރު ޝީރީނެވެ. ކުޑައިރުން ފެށިގެން އޭނާގެ ހުރިހާ މަސްއޫލިއްޔަތެއް އުފުލީ ޝީރީންކަން ލަމްޔާއަށް އެނގޭތީއެވެ.
“ބައްޕަ ބުންޏެންނު ބޭކާރު ޚަރަދު ނުކުރާށޭ، ކޮންމެހެން ވެސް ބޭނުންވެގެންތަ ތިބުނަނީ، ޒީވް އަތުގައި ހަމަ ބޭގެއް ނެތީތަ، ކޮބާ އިހަށް ދުވަހު ސިސްދިން ބްލޫ ބޭގް” ލަމްޔާ ބުނެލިއެވެ.
“އެއީ ބްލޫ ކުލައެންނު، އެކުލަ ކަމަކު ނުދޭ، ޒީވް ބޭނުންވަނީ ބްލެކްކުލައިގެ ބޭގެއް، ޕްލީޒް ސިސް” ޒީވާ އާދޭސްކޮށްގަތެވެ. ލަމްޔާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ޝީރީން ގޮވާލި އަޑުއިވުނެވެ.
ސިޓިން ރޫމުގައި ލަބީބު އިނީ ޓީވީން ޚަބަރު ބަލާށެވެ. ނަމަވެސް އޭނާ ނިތްކުރީގައި އަތްހާކާލަ ހާކާލާ އިންގޮތުން ހީވާނީ ކޮންމެވެސް ކަމަކާ ފިކުރުބޮޑުވެފައި އިންހެނެވެ. އެހެން އިންދާ ދޮރޯށި ހުޅުވާލާފައި ވަން ކުއްޖަކު ސަލާމް ގޮވާލި އަޑުއިވުނެވެ. ޓީވީގެ އަޑު މަޑުކޮށްލަމުން ލަބީބު ތެދުވެ ދޮރާ ދިމާލަށް ބަލާލިއެވެ.
“ވައިލައިކުމުއް ސަލާމް، ކީއްކުރާ ކުއްޖެއް” ސިޓިން ރޫމު ދޮރުމަތީ އައިސް މަޑުކޮށްލި ޒުވާނާއަށް ލަބީބު ބުންޏެވެ. އެވަގުތު އޭނާގެ ފަޓުލޫނު ޖީބުން ނަގާފައި ދިއްކޮށްލީ ވޮލެޓެކެވެ. އެއާއެކު ލަބީބުގެ ދެލޯ ބޮޑުކޮށްލެވުނެވެ. އަދި ވަގުތުން ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
“ވަދޭ އެތެރެއަށް، ކޮއްކޮއަށް މިވޮލެޓު ފެނުނީ ކިހިނެއް” ލަބީބު އަވަސް އަވަހަށް ސޯފާއިން ތަންދައްކަމުން ބުނެލިއެވެ.
“އަޅުގަނޑުގެ ފައިދޮށުގައި އޮއްވާ ފެނިގެންނެގީ، ހަވީރު ފެނުނީ އެކަމަކު އެގަޑީގައި އާދެވެގެން ނެތިގެން ގެނެސްނުދެވުނީ، ވޮލެޓުގައި އައި.ޑީ ކާޑު އޮތުމުން އެނގުނީ މިގެއަށް އަންނަން، ތީތޯ ލަބީބަކީ” ސޯފާ އިށީން އަކްމަލް ބުނެލިއެވެ.
“ކޮއްކޮއަށް ކިޔަނީ ކޮންނަމެއް، މިވޮލެޓު ދެން ނުފެންނާނެ ކަމަށް ނިންމައިގެން މިހިރީ، މިހާރުގެ މީހުންގެ ގޮތް އެނގޭވިއްޔާ، ފައިސާ ނަގައިގަން ނުކުމެ ފަހަތު ޖީބަށް ވޮލެޓު ލެވުނުކަމަށް ހީކުރީ، ގެއަށް އައިސް މަޤްރިބު ނަމާދަށް ދާން އުޅެނިކޮށް އެނގުނީ ވޮލެޓު ނެތްކަން ވެސް” ލަބީބު ކަންބޮޑުވެފައި ހުރިވަރު ހާމަކުރިއެވެ.
“އަޅުގަނޑަށް ކިޔަނީ އަކްމަލް، ދެން އަޅުގަނޑު ގޮސްލާނަން” ލަބީބުގެ އަމާނާތް އޭނާއަށް ރައްދުކުރެވުނީތީ ހިތްހަމަޖެހުނު އަކްމަލް އެގޭން ދިއުމަށް ތެދުވިއެވެ.
“އަކްމަލް ހާދަ ރަނގަޅޭ، މިހާރު ތިޔަކަހަލަ ޒުވާނުން ވަރަށް މަދުވާނެ، ތިކޮށްދިނީ ވަރަށް ބޮޑު ހެޔޮކަމެއް، މިވޮލެޓުގައި މިހިރީ އަހަރެންގެ ދަރިފުޅުގެ ކޯހަށްދައްކަންޖެހޭ ފައިސާ، މިގެއްލުނުނަމަ މިމަހު ވަރަށް ދަތިވާނެ، ތިޔަވަރުގެ ކަމެއްކޮށްދީފައި ހުސްއަތާ އަކްމަލް ފޮނުވާލާ ހިތެއް އަހަރެން ނެތް، އަހަރެންގެ އަންހެނުން މިހާރު ކާންތައްޔާރު އެކުރަނީ، އެހެންވީމަ މިރޭ ކެއުމުގައި އަހަންނާއެކު އަކްމަލް ބައިވެރިވާންވީނު” ލަބީބުގެ ކުރިމަތީ ހުރި ޒުވާނާގެ ފަރާތުން އޭނާއަށް ފެނުނީ ހިތްހަމަޖެހޭ ފަދަ ސިފަތަކެކެވެ. އަކްމަލްގެ ތެދުވެރިކަން ފެނިފައި އޭނާއަކީ ހަރުދަނާ ޒުވާނެއްގެ ގޮތުގައި ލަބީބު ދެކުނެވެ.
“މީ އަޅުގަނޑު އެއްޗެއް ބޭނުންވެގެން ކޮށްދިން ކަމެއްނޫން، އެހެންވީމަ ރަނގަޅުވާނެ ބަދަލުގައި އެއްޗެއް ނުދިނަސް ވަރަށް ބޮޑަށް ޝުކުރިއްޔާ” މިހެންބުނެ ލުއި ހިނިތުންވުމަކާއެކު އަކްމަލް ހިނގައިގަތީ ވަން ދޮރުން ނުކުންނާށެވެ. އެހިނދު އޭނާގެ އަތުގައި ލަބީބު ހިފެހެއްޓިއެވެ. އަދި އޭނާއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ސިޓިން ރޫމަށް ނުކުތްތަން ފެނުނީ ޒީވާއެވެ. އޭނާގެ ފަހަތުން ދުވަމުން ކަހަލަ ގޮތަކަށް ރީމް އައިސް ހުއްޓުނެވެ. ދެބެންނަށް ވެސް ހުއްޓުން އެރީ އެގެއަށްވަދެ ހުރި ޒުވާނެއްގެ އަތުގައި ލަބީބު ހިފަހައްޓައިގެން ހުރުމުންނެވެ. އޭރު އެސްފިޔަޖަހާލުމެއްނެތް އަކްމަލްގެ ނަޒަރު ހުއްޓިފައި ހުރީ ޒީވާއަށެވެ. ދެޒުވާނުންގެ ހަތަރުކަޅި ބައްދަލުވި ހިނދު ހީވީ ދެމީހުން ވެސް ހަރަކާތްކެނޑިފައިވާ ހިލައިގެ ބުދަކަށް ބަދަލުވެފައި ތިބިހެންނެވެ.
“ޒީވާ، ދަރިފުޅާ، ދޭބަލަ މަންމައަށް ގޮވާލަން” ހައިރާންވެފައި ހުރި ޒީވާއަށް ގޮވާލަމުން ލަބީބު ބުންޏެވެ. ކުޑަކޮށް ސިހުނު ޒީވާ އެނބުރި އެތެރެއަށް ވަދެގެން ދިޔައިރު ވެސް ރީމް ހުރީ އަކްމަލްއަށް ބަލާށެވެ. އެއީ ކާކުތޯ ދެނެގަންނަން މަސައްކަތް ކުރާ ފަދަ ގޮތަކަށެވެ.
“އަކްމަލް، ތިޔަތެދުވެރިކަމަށް ހަމަ އެންމެ ފަހަރަކު ޝުކުރުއަދާކުރުމުގެ ފުރުޞަދުދީ” ލަބީބުގެ ޢަމަލުތައް ހުރިގޮތުން ހީވަނީ އަކްމަލްއާ ބެހޭގޮތުން އިތުރަށް އެނގެން ބޭނުންވެފައި ހުރިހެންނެވެ.
މަޑުމަޑުން އާނއެކޭ ބުނުމުގެ ގޮތުން އަކްމަލް ބޯޖަހާލީ އޭނާގެ އަތުގައި ލަބީބު ހިފަހައްޓައިގެން ހުރުމުންނެވެ. ފެންނަފެނުމަށް ލަބީބަކީ އޭނާގެ ބައްޕަގެ އުމުރުގެ މީހެކެވެ. ޢަމަލުތަކާއި ވާހަކަތައް ހުރިގޮތުން ވަރަށް ހިތްހެޔޮ މީހެއްގެ ގޮތުގައި އަކްމަލްއަށް ޤަބޫލުކުރެވުނެވެ. އަތުގައި ހިފިހިސާބުން “ނޫނެކޭ” ބުނަން ނުކެރުނީ ވެސް އެހެންވެއެވެ. އެތެރެއަށް ވަދެގެން ދިޔަ ޒުވާން އަންހެން ކުއްޖާ އެނބުރި އައީ ދެބައިއުމުރުގެ އަންހެނަކާއެވެ. ދެން ވެސް އަކްމަލްއަށް ބެލެނީ އޭނާއަށެވެ.
“މީ ކޮންކުއްޖެއް” ޝީރީނަށް، ލަބީބުގެ ގާތުގައި ހުރި އަކްމަލް ފެނުމާއެކު ހައިރާންވެފައި އަހާލެވުނެވެ.
“މީ އަކްމަލް، އޭނަ އެއައީ އަހަރެންގެ ވޮލެޓު ހިފައިގެން” ހިނިއައިސްފައި ހުރެ ލަބީބު ބުންޏެވެ.
“ނާ ހަމަތެދެއްތަ! އަލްހަމްދުއްލިﷲ، ނަސީބެންނު ފެނުނުކަން، ގެއްލުނު ވާހަކަ ބުނީމަ އަހަރެންގެ ހިތަށް އެރީ އެދެން އޮބައިލީއޭ، އެ ހޯދަން ވެސް އުޅޭނެކަމެއްނެތޭ، އެކަމަކު ކިހާބޮޑު ނަސީބެއް މިލެއްވީ، ލަބީބު، އަކްމަލް ގޮވައިގެން ކާންއަންނަންވީނު، ކާންތައްޔާރުކޮށްފައޭ ޒީވް މިފޮނުވީ” ޝީރީންގެ މޫނުމަތި ވަގުތުން އުޖާލާ ވެގެން ދިޔައެވެ.
“މަވެސް އަކަމަލް ގާތުން މިއެދެނީ މިރޭ އަހަރުމެންނާއެކު ކެއުމުގައި ބައިވެރިވެ ދިނުމަށް” އަކްމަލްއަށް ބަލާލި ލަބީބު ބުންޏެވެ.
“އަކްމަލް، ދެން ނުކެރިފައި ނުހުރެ އާދޭ، އެކުވެރިކަން އުފެދޭނީ މިކަހަލަ ގޮތަކުން، މިމުޖުތަމައުގައި ތިއުމުރުގެ ކުދިން ވަރަށް ލާނެތް، ތެދުވެރި ކިޔަމަންތެރި ކުދިން ހޯދުމަކީ ދަތިއުނދަގޫ ކަމެއް، އެފަދަ ޒުވާނުން މަދުން ނަމަވެސް އުޅޭކަން އެނގެނީ އަކްމަލް ފަދަ ކުދިންނާ ބައްދަލުވީމަ” ޝީރީން މިހެންބުނެ ހިނގައިގަތީ ބަދިގެއާ ދިމާލަށެވެ. އޭނާގެ ފަހަތުން ލަބީބު އާއި އަކްމަލް އައެވެ.
“ތީ ކޮންގެއަކު ކުއްޖެތަ؟” ކާމޭޒު ދޮށުގައި އަކްމަލް އިށީނުމާއެކު އޭނާގެ ކުރިމަތީ ހުރި ތަށްޓަށް ފެންއަޅަމުން ޝީރީން އަހާލިއެވެ. އެސުވާލަށް ޖަވާބުދޭން އަކްމަލް ފަސްޖެހުނެވެ. ވޮލެޓު ހަވާލުކުރަން އަޔަތީ އޭނާ އެގޭގައި އެފަދަ ގޮތަކަށް ހައްޔަރުވެދާނެއެކޭ އެއްފަހަރު ވެސް ހިޔެއްނުކުރެއެވެ. އަދި ޚާއްޞަކޮށް ނުވެސް ދަންނަ ބަޔަކަށް އޭނާގެ ހުރިހާ މަޢުލޫމާތެއް ކިޔައިދޭން ޖެހުމަކީ އޭނާ ބޭނުންވާގޮތެއް ނޫނެވެ.
“އަޅުގަނޑު އުޅެނީ ހެންވޭރުގައި” އަކްމަލް މިހެންބުނެލިއިރު އޭނައަށް ކޮންމެވެސް ވަރަކަށް އުނދަގުވެފައި އިން ހެން ހީވެ، ޝީރީންގެ ސުވާލުތައް ހުއްޓުވުމަށް އެހެންކަމަކާ ގުޅޭ ގޮތުން ލަބީބު ވާހަކަދައްކަން ފެށިއެވެ. އޭނާގެ ވާހަކައަށް ސަމާލުކަން ދީގެން އިނެއްކަމަކު އަކްމަލްއަށް ބަދިގޭ ދޮރުކައިރީ މީހަކު ހުރެގެން އޭނާއަށް ސިއްރުން ބަލާހެން ހީވިއެވެ. އެހެންވެ އެދިމާލަށް ބަލާލި ވަގުތު އަނެއްކާ ވެސް އޭނާއަށް ފެނުނީ ޒީވާއެވެ. ނަމަވެސް އެތަނުގައި ހުރި ޒީވާ އަވަސް އަވަހަށް ދިވެފައި ގޮސް އެތާކައިރީ ހުރި ކޮޓަރިއަކަށް ވަންތަން ފެނުނެވެ.
“ތުއްތާ، އެއީ ކާކުތަ؟ ރީމް މެންގެ ފެމެލީ މީހެއްތަ؟” ލަމްޔާގެ ކޮޓަރިއަށް ޒީވާ ދެމިގަތުމުން އޭނާގެ ހިޔަނިހެން އުޅޭ ރީމް ވެސް އެކޮޓަރިއަށް ވަނެވެ. އަދި އަކްމަލްއާ ބެހޭގޮތުން ސުވާލުކުރިއެވެ.
“އެއީ ބަސްނާހާ ކުދިން ބަލާ އައިސް އިން މީހެއް” ލަމްޔާގެ އެނދުމަތީ އިށީން ޒީވާ ބުންޏެވެ.
“ދޮގެއް ދޯ” ރީމްއަށް ޤަބޫލުނުކުރެވިގެން ބުނެލިއެވެ.
“ކާކުތަ އައިސްގެން އުޅެނީ” ލަމްޔާއަށް މިވާގޮތެއް ނޭނގުމުން އަހާލެވުނެވެ.
“ބައްޕަގެ ވޮލެޓު ހޮވައިގެން އޭތި ރިޓާރން ކުރަން އައިސް ހުރި ބޯއީއެއް، ވަރަށް ސަޅި، ސިސް ވެސް ދޭބަލަ ބަލާލަން” ޒީވާ އޮޅުންފިލުވައި ދިނެވެ.
“ސާބަސް ޒީވް” ލަމްޔާ އަޑަށް ބާރުލަމުން މިހެންބުނިއިރު އޭނާ ލޯއަޅާލީ އެވަގުތު އެމީހުންގެ ގާތުގައި ރީމް އާއި ރުވާ ތިބިކަން އަންގާލުމަށެވެ. އެއާއެކު ޒީވާ ހީނލިއެވެ.
“އެއީ ދޮގެއް، އެއްވެސް ރީއްޗެއްނޫން، ލަމްދައްތައަށް އެނގޭތަ، އެމީހާ ބަލަނީ މިގޮތަށް، ތުއްތަ ގޮތަށް އައިނު އަޅަންޖެހޭ މީހެއްކަންނޭނގެ” ރީމް ކޮޓަރިތެރޭ އަކްމަލްގެ އެކްޓު ޖައްސާލިއެވެ. އެއާއެކު އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ރީމްގެ މޫނުމައްޗަށް އެޖެއްސި ވައްތަރުތަކުންނެވެ. އޭނާގެ ފަހަތުގައި ހުރެގެން ރުވާ އެވައްތަރުޖައްސަން މަސައްކަތް ކުރަމުންދިޔައެވެ. އެހެންނަމަވެސް އޭނާއަށް ވުރެ ރީމް އެފަދަ ކަންކަމަށް މާކުޅަދާނައެވެ. މީހުންނަށް މަލާމާތްކުރުމަކީ ރަނގަޅު ކަމެއް ނޫނޭ ބުންޏަސް އެކަން ރީމްއަށް ވިސްނޭގޮތެއް ނުވެއެވެ. ފަހަރެއްގައި އެކަން ބޮޑުކަމެއްގެ ގޮތުގައި ދެކޭ ވަރަށްވުރެ އުމުރުގެ ގޮތުން ހަގުވީމާ ވާގޮތަކީ ކަމަށް ވުން ގާތެވެ.
* * * *
ކާމޭޒު ކައިރިން އެންމެން ފޭބިއިރު ވެސް އަކްމަލްއެއް ނުފެނުނެވެ. އެކަމާ ވާފިރު ސުވާލު ކުރުމުން ވެސް ޖަވާބެއް ލިބޭގޮތެއް ނުވިއެވެ. ޢާއިލާ ތެރޭގައި އެއްބަނޑު އެއްބަފާ ކުދިންނެއް ކަމަކު، ކުދިންގެ މެދުގައި އޮންނަ ގުޅުން ކުޑައީއެވެ. އެކަން ވާފިރަށް ވިސްނެއެވެ. އޭނާ އައިސް ސޯފާގައި އިށީންނަމުން ކުރިމަތީ ހުރި ކުޑަމޭޒުމަތިން ފޯއްތަބަށްނެގިއެވެ. އޭގައި ފުޅިއަކަށް އަޅާފައި ހުރި ކަރަންފޫތަކުން ކަރަންފުލެއް ނަގާ އަނގަޏަށް ލާފައި ޓީވީ ހުޅުވާލި ވަގުތު ދޮރުން އަކްމަލް ވަދެގެން އަންނަތަން ފެނުނެވެ.
“މިރޭ ބައްޕަ ގޭގައި ހުރީމައި ހީކުރީ ކާމޭޒުދޮށުން ހުރިހާ ކުދިންނާ ބައްދަލުވާނޭކަމަށް، ކޮންތާކަށް ގޮސްލާފައި ތިއައީ” ވާފިރުގެ ރާގު ހުރިގޮތުން އޭނާ އެހެންއެބުނީ ހިތްހަމަނުޖެހިގެން ނޫންކަން އަކްމަލްއަށް އެނގުނެވެ.
“ސޮރީ ބައްޕާ، މިއައީ މީހަކާ އެއްޗެއް ހަވާލުކޮށްލާފައި” އަކްމަލް އެތެރެއަށް ވަދެފައި ބުނެލިއެވެ. އެއާއެކު ވާފިރު އެދުނީ އޭނާގެ ގާތުގައި މަޑުކޮށްލަ ދިނުމަށެވެ. ދެކޮޅު ހަދަން ނުކެރުނު އަކްމަލް ސޯފާގައި އިށީނެވެ.
“މީހަކާ އެއްޗެއް ހަވާލުކޮށްފައޭ، އަނެއްކާ ކޮންއެއްޗެއް؟” ވާފިރު އަހާލިއެވެ. އެއާއެކު ލަބީބުގެ ވޮލެޓުގެ ވާހަކަ އަކްމަލް އޭނާގެ ބައްޕައަށް ކިޔައިދިނެވެ.
ނަބީހާގެ ޢަމަލުތައް ކޮންމެ ގޮތަކަށް ހުރި ނަމަވެސް ދަރިން ބޮޑެތިކޮށްފައިވަނީ ރަނގަޅު ތަރުބިއްޔަދު ދީގެންކަން ވާފިރަށް އިތރަށް ޔަޤީންވެގެން ދިޔައެވެ. ބަސްމަދު އަކްމަލްގެ އަޙްލާގު ރަނގަޅުކަން އެއީ ވާފިރަށް މިއަދަކު އެނގުނު ކަމެއް ނޫނެވެ. އަބަދުވެސް ޢާއިލާ ތެރޭގެ މަސްލަހަތަށް އަކްމަލް ބަލައެވެ. އޭނާގެ ފަރާތުން އެހެންމީހުންނަށް ހެޔޮފޯރުމަކީ ވާފިރު އިތުރަށް ހިތްހަމަޖެހުނު ކަމެކެވެ. އަނެއްކޮޅުން ދަރިންނެއްކަމަކު އެކުދިންނާ ވާފިރު ދައްކާނެ ވާހަކައެއް ނޯވެއެވެ. އަކްމަލް ގާތުގައި އިނެއްކަމަކު އޭނާގެ ގާތުގައި ވެސް އަހާލެވުނީ ދެތިން ވާހަކައެވެ. އެއަށްފަހު ދެބަފައިން ވެސް ތިބީ ޓީވީއަށް ނަޒަރު ހުއްޓާލައިގެން ހިމޭންވެފައެވެ.
“ކަލެއަށް އަންނަން އެނގިއްޖެދޯ، ކާއެއްޗެއް ހަދާފައި ނެތިއްޔާ ވަރަށް ކަންތައް ހުންނާނެ، މިރޭ އެންމެން އެކުގައި ގޭގައި ތިބިކަން އެނގޭތީވެ ދޯ އަވަހަށް ބޭރަށް ދިޔައީ، ވަޒީފާ ގަނޑެއް ވެސް ހޯދަން އުޅެނީއެއްނޫން، އަހަރެން ހިތަށް އަރާ މީނާއަށް ކިޔަވައިދިން އެއްޗެހީގެ ބޭނުމަކީ ކޮބައިބާއޭ، އަދީލުއާ ސުހާނާ ވެސް އެއުޅެނީ ވަޒީފާގައި، އެމީހުން ވެސް އެތިބީ ތިންހަތަރު ޑިގުރީ ނަގައިގަނެއްނޫން” ބަދިގޭގެ މަސައްކަތް ނިންމާލާފައި ވާފިރު ގާތަށް އައި ނަބީހާއަށް އަކްމަލް ފެނުމާއެކު އެއްޗެހި ކިޔަން ފެށިއެވެ.
“ނަބީހާ، އެސޮރު ވަޒީފާއަށް ނުދާކަށް ނޫނެންނު އެހުންނަނީ، ވަޒީފާއަށް ވެސް ދެވޭނީ ލިބުނީމައެންނު، ހާދަ މަސައްކަތެއް އޭނަ ވެސް އެބަކުރެޔޭ ވަޒީފާއެއް ލިބޭތޯ، އަދި ވަގުތު ނުޖެހެނީ، އިރާދަކުރެއްވިއްޔާ ފަހުން އަދި ރަނގަޅުވާނެ، އެހެންނޫނަސް ދަރިންނަށް ރަނގަޅުގޮތެއް ފެންނަން ދެން އެކުދިންނަށް އެހީތެރިވާން ތިބިބަޔަކީ އަހަރުމެންނެއް ނޫންތަ؟ އަހަރުމެން މިއީ އެކުދިންގެ މައިންބަފައިން، ވީއިރު އަހަރުމެންނަށް އެކުދިން ބެލުމަކީ ބޮޑުކަމަކަށް ވެގެން ނުވާނެ އެންނު” ވާފިރު ދަރިފުޅުގެ ހިތްވަރު އެލުނަދޭކަށް ބޭނުމެއްނުވިއެވެ.
“މަށަކަށް ދެން ނޭނގެ، އަކްމަލް، ދޭ އެފަރާތަށް، ހުންނާނެ މޭޒުމަތީ އެއްޗެހި ވަކިން ނަގާފައި، ގޮސް ކައި، ތެލިތަކުގައި ހުރި އެއްޗެހި ހާވަން ނުހަދާތި، މިއައީ ހުރިހާ އެއްޗެއް ހޫނުކޮށްފައި” ނަބީހާގެ މޫނުމަތިން އޭނާ ހިތްހަމަނުޖެހޭކަން ފާޅުވޭވޭ ހުއްޓެވެ. އަނގައިން ނުބުނެއިން އަކްމަލް އަވަސް އަވަހަށް ތެދުވެގެން ބަދިގެ ފަރާތަށް ދިޔައެވެ.
ފެންތަށްޓެއް އަޅާލުމާއެކު ކާމޭޒުގެ ގޮނޑިއެއްގައި އިށީން އަކްމަލް ހަމަޖެހިލިއެވެ. ލަބީބުމެން ގެއިން ކައިގެން އައުމުން އޭނާ އިތުރަށް ކާކަށް ބޭނުމެއްނޫނެވެ. އެކަމަކު ނުކައި ކޮޓަރިއަށް ދިޔަކަން ނަބީހާއަށް އެނގިއްޖެއްޔާ އިތުރަށް ފަތިވަރު ގޮވަން ފަށާނެއެވެ. އެހެންވެ ކުޑައިރުކޮޅަކަށް ބަދިގޭގައި މަޑުކޮށްލަން އަކްމަލް ގަސްދުކުރީއެވެ.
“ޒީވް… ޒީވާ…” ކުއްލިއަކަށް އަކްމަލްގެ ތުންފަތަށް ވެރިވި ލުއި ހިނިތުންވުމާއެކު އޭނާގެ ދުލުން ބޭރުވެގެން ދިޔައެވެ. އެހިނދު އެދެލޮލުގައި ތަފާތު ވިދުމެއް ވިދާލިކަހަލައެވެ. ފުރަތަމަ ފަހަރަށް އަކްމަލްގެ ސަމާލުކަން އަންހެން ކުއްޖަކަށް ހުއްޓޭގޮތް ވެއްޖެއެވެ. މަގުމަތިން ފެންނަ އަންހެން ކުދިންނަށް ބަލާ ގޮތާއި ޒީވާއަށް ބަލާލެވުނު ގޮތް ތަފާތުކަން ޚުދު އަކްމަލްއަށް ވެސް އިޙްސާސް ކުރެވުނެވެ. އެކަމަކު އެހެންއެވީ ކީއްވެކަމެއް އޭނާއަކަށް ނޭނގުނެވެ. ހިތަކީ އޭގެ އަމިއްލަ ޒާތުގައި ނިންމުން ނިންމާ ގުނަވަނެއްހެން އަކްމަލްއަށް ހީވީ އެހެންވެއެވެ. ސިކުނޑިއަށް ޖަވާބުދޭން ނޭނގުނެއްކަމަކު އަކްމަލްގެ ހިތަށް ޒީވާ ފެނި ކަމުދިޔައީ އެވެ. އެއީ ކީއްވެކަން ބުނެދޭން ވެސް އެނގޭނީ ހަމަ އެހިތަށެވެ. މިވަގުތު ސިކުނޑި އެއްވެސް މަސައްކަތެއް ނުކުރާކަހަލައެވެ. ނޫނީ ސުވާލުމާކެއް އުފެދުނު ގޮތަށް އާގަމައަރާފައި ހުރީއެވެ.
ހިމަތޮޅި ހަށިގަނޑަކާއި ކޮނޑަށްވުރެ ވެސް ކުރުކޮށް ހުރި ފަންއިސްތަށިގަނޑެވެ. ލޮލުގައި އަޅާފައި އައިނާއެކު ވެސް އެލޮލުގައި އަޅައިގަންނަފަދަ ގޮތެއް ހުއްޓެވެ. އަކްމަލަގެ ސިކުނޑިއަށް ސިފަވަމުން ދިޔައީ ދެމީހުންގެ ނަޒަރު ބައްދަލުވި ހިނދު ވެގެންދިޔަ ގޮތެވެ. ކުރެވުނު ތަފާތު އިހުސާސެވެ. ހިމޭންކަމާއިއެކު ވައިގެތެރޭގައި ފޮނުވާލެވުނު ނުފެންނަ ސިގުނަލެވެ. ދެހިތް ވެސް ހުރީ އެއްމިސްރާބަކަށް އަމާޒުވެފައި ހެން އެވަގުތު އަކްމަލްގެ ހިތް ޤަބޫލުކުރިއެވެ. އަނެއްކާ ވެސް ލުއި ގޮތަކަށް ހީނލުމާއެކު ޚިޔާލުތަކުން ބޭރަށް އަކްމަލް ނުކުތެވެ. އަދި މޭޒުމަތީ ހުރި ފެންތަށި ނަގާ ދެފަހަރު މަތިން ބޯލައިފިއެވެ. މީގެ ކުރިން ވިސްނެމުންދިޔައީ ވަޒީފާއާ މެދުގައެވެ. ނަމަވެސް ލަބީބުމެންގެއަށް ވަދެފައި ނުކުތްފަހުން އަކްމަލްއަށް ވިސްނެނީ ޒީވާއާ މެދުއެވެ. ދެކެން ބޭނުންވިޔަސް ޒީވާ ހޯދަން އެގެއަށް ދާކަށް އަކްމަލްއަކަށް ނުކެރޭނެއެވެ. އެނޫން ގޮތަކުން ބައްދަލުވާނީ ކިހިނެއްކަމެއް މިވަގުތު އަކްމަލްއަކަށް ވިސްނައިގަންނާކަށް ނޭނގުނެވެ. ލަބީބުގެ ދޮށީ ކުއްޖަކީ ޒީވާ ނޫންކަން އެމީހުން ދެއްކި ވާހަކަތަކުން އަކްމަލްއަށް އެނގެއެވެ. ވީއިރު ކޯސް ހަދަނީ ކޮންކުއްޖެއްކަމެއް ޔަޤީން ކުރާކަށް އަކްމަލްއަކަށް ނޭނގުނެވެ. ފަހަރެއްގައި ޒީވާއަކީ ސްކޫލަށް ދާ އަންހެން ކުއްޖަކަށް ވެދާނެކަމުގައި ހީކުރެވުނެވެ. އެހެންވިޔަސް ދަނީ ކޮން ސްކޫލަކަށް ކަމެއް އެނގެނީއެއް ނޫނެވެ. ވިސްނި ވަރަކަށް އަކްމަލްގެ ހިތުގައި އެފެދޭ ސުވާލުވީ ގިނައެވެ. ބޭނުމެއްނެތި ނުދަން ގެއަކަށް ދެވަނަ ފަހަރަށް ގޮސް ވަންނާކަށް އަކްމަލްއަކަށް ނުކެރޭނެއެވެ. ދެފަރާތަށް ބޯހޫރާލި އަކްމަލް ތެދުވިއެވެ.
“ހީވީ ލޯކުރިމަތިން މިތިއަސް ފެނުނުހެން… އިސްކޮޅުން ތަފާތުކަމެއް ހުރި ނަމަވެސް އެއީ ހަމަ އެސިފަ” ތިން ހަތަރު ފަހަރަށް ކީއިރު ވެސް ފޫހި ނުވި ވާހަކަފޮތް ހިފައިގެން އޮތް ޒީވާގެ ހިތަށް އެރިއެވެ. މިރޭ ވެސް އޭނާ ނިދަން އެރިގޮތަށް އެއޮންނަނީ ޚިޔާލީ ދުނިޔެއަކަށް ގެއްލިފައެވެ. ހިތަށް އެރި އެއްޗަކުން މޫނުމައްޗަށް ލަދުރަކިކަން ވެރިވެގެން ދިޔައެވެ.
“މިވާހަކަ ކިޔަކިޔާ އަހަރެން މޮޔަވީ ކަންނޭނގެ، އެހެންވީމަތާ މިކަހަލަ މޮޔަ ޚިޔާލު ކުރެވޭނީ، މާބޮޑަށް ވާހަކައިގެ ތެރެއަށް ވަދެވިފަ މިހިރީ، އަބަދު ހިތަށް އަރަނީ މިވާހަކައިގައި މިއުޅޭ މިތިއަސް ފަދަ ޒުވާނަކު އަހަންނަށް ލިބޭނެނަމައޭ، އެއީ ކަންނޭނގެ އޭނާއާ މިތިއަސް ވައްތަރުވި ސަބަބަކީ، އެކަމަކު ވާހަކަ ފޮތުގެ ކެރެކްޓަރއަކަށް އޭނާ ވާނީ ކިހިނެއް؟ އެފޮތުގައި އެވަނީ މީހަކު ލިޔެފައި އޮތް ޚިޔާލީ ކެރެކްޓަރއެއް، ޚިޔާލީ ސިފަކުރުންތަކެއް” ދެއަތުން ވާހަކަފޮތުގައި ހިފަހައްޓާލައިގެން އެފޮތަށް ބަލަން އޮތް ޒީވާގެ ހިތަށް އަރަމުންދިޔައެވެ. ލުއި ހިނިތުންވުމަކާއެކު ފޮތަށް ބަލަމުން ދިޔަ ޒީވާއަށް ސިފަވަމުން އައީ އޭނާގެ ބައްޕައާއެކު ހުރި ޒުވާނާއެވެ. ވާހަކަފޮތުގައި އުޅޭ “މިތިއަސް”ގެ ނަން ޒީވާގެ ހަނދާނުގައި ހަރުލި ގޮތަށް “އަކްމަލް”ގެ ނަން ވެސް އޭނާގެ ސިކުނޑީގެ ފަތްފުއްތަކުން ބައެއްގައި ލިޔެވިގެން ހިނގައްޖެއެވެ. އެކިއެކި ޚިޔާލުތަކަށް ގެއްލިފައި އޮތް ޒީވާ އެނދުގެ މަގަތަށް އެނބުރިލަމުން ވާހަކަފޮތް ބާލީސް ކައިރީ ބާއްވާލީ ނިދަން ކަމަށެވެ. ނަމަވެސް އޭނާގެ ހިތާ ސިކުނޑި މިރޭ މަސައްކަތް ކުރަމުންދަނީ އެއްވެސް ވަރުބަލިކަމެއްނެތިއެވެ.
“ވާފިރު ބުނީމެންނު މިއަދު ދެން ނުނިކުންނާނަމޭ އޮފީހަކަށް، މީ ކޮންގަނޑިއެއް އޮފީހަށް ދާން، ތިބުނާހާ ބޮޑުކަމެއް ނޫންނަމަ ހަވީރު ނިންމާލާފައި ވެސް އާދެވުނީހެންނު، މިހާރު ގަޑިން އެގާރަ ޖެހީ، މިގަޑީގައި ވެސް އޮފީހުގައި މީހުން އުޅޭތަ” ނިދަން އޮތް ނަބީހާ ސުވާލުން ފުރިގެންވި ފަދަ ގޮތަކަށް ގަޑިއަށް ބަލާލުމަށްފަހު ވާފިރަށް ބުންޏެވެ. އޭރު އެނދުގެ އެއްއަރިމަތީ ފޯނު ހިފައިގެން ފިކުރު ބޮޑުވެފައި އިންފަދަ ގޮތަކަށް ވާފިރު އިނެވެ.
“ތިރީހަކަށް މިނެޓުވާނީ، ނުވާނެ ގިނައިރެއް، ކޮންމެހެން ވެސް ދާންޖެހިގެން މިދަނީ، އޮފީހުގެ ވެރިން ހިތްހަމަޖައްސައިގެންނު އުޅެންވާނީ، ސަރުކާރު ގޮތެއް އަމިއްލަ ތަންތަން ނުވާނެ އެންނު” ނަބީހާއާ ދިމާލަށް އެނބުރިލާފައި އޭނާގެ ކޮނޑުގައި ފިރުމާލަމުން ވާފިރު ބުންޏެވެ. ވާފިރުގެ އެޢަމަލުންނާ އޭނާގެ މޫނުމަތިން ފެނުނު މަޔޫސްކަން ނަބީހާގެ ދޫ ތަޅުލި ކަހަލައެވެ. އެއީ ވާފިރު ވެސް މިފަދަ ގަޑިއެއްގައި ބޭރަށް ނުކުންނަން ބޭނުންނުވާކަން ނަބީހާއަށް އޭނާގެ ހަރަކާތްތަކުންނާ ވާހަކަ ހުރި ގޮތުން އެނގުމުންނެވެ.
“ދެން ދޭބަލަ، އެކަމަކު ލަސްނުވެ އަންނާތި، ތިދާމީހާ ބާރަ އެކެއް ޖެހީމައެއްނޫން ދައްކާލާނީ” ފޫހިވެފެ ހިތްހަމަނުޖެހިފައި އިނދެ ވެސް ނަބީހާ ބުނެލިއެވެ. ދެންވެސް ވާފިރު ލޯތްބާއެކު ނަބީހާގެ އަތުގައި ފިރުމާލާފައި ހިނިތުންވެލީ ލޯތްބާއެކުއެވެ. އެފަދަ ކުދިކުދި ކަންތައްތަކުން އެކަނިވެސް ނަބީހާގެ މޫޑު ބަދަލުވެގެން ދެއެވެ. ވާފިރުދެކެ އަންނަ ރުޅި ފިނިކޮށްލައެވެ.
“ނަބީހާ ނުތެދުވިޔަސް އެންމެ ރަނގަޅު، އަހަރެން އަލަމާރިން ގަމީހެއް ނަގާލަ ފާނަން، ނިދިއަންނަންޏާ ނުދިނާ ނޯންނާތި، މިއަދު ކިހާ ބުރަކޮށް ތިއުޅުނީ” ނަބީހާ ތެދުވަން އުޅުމުން ވާފިރު ބުނެލިއެވެ. އަދި އޭނާ އައިސް އަލަމާރިން ގަމީހެއް ނަގައި ގަޔަށް ސެންޓުޖަހާލަމުން ގަމީސްލައިގެން ކޮޓަރިން ނުކުންނަން ދިޔައެވެ. ކުރިއަތްމައްޗަށް ތެދުވެލި ނަބީހާ ވެސް އަނެއްކާ އޮށޯތީއެވެ.
ހިނިތުންވެލައިގެން މޭމަތީ އޮތް ބާލީހުގައި ދެއަތުން ބައްދާލައިގެން އޮތް އަދީލުގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއްނެތެވެ. އުމުރުން ހަތާވީސް އަހަރު ވީއިރު އޭނާގެ ހަޔާތަށް ގިނަ އަންހެން ކުދިންތަކެއް ވަނީ ގެނެވިފައެވެ. ނަމަވެސް ހަޔާތުގެ ބައިވެރިއެއްގެ ގޮތުގައި އެމީހަކާއެކު ކައިވެނީގެ ގޮށްޖަހާލަން ބޭނުންވި އެކަކު ވެސް ނެތެވެ. ކޮންމެ އަންހެން ކުއްޖެއް ވެސް ވަނީ އަދީލުގެ ހިތްހަމަޖައްސާލަ ދިނުމަށްފަހު އެނބުރި އެމީހުންގެ ދުނިޔެއަށްދާ ވަގުތީ މެހެމާނަކަށެވެ. އަދީލާއެކު އޮފީހުގައި މަސައްކަތްކުރާ ޔަޝްފާއަށް އޭނާގެ ހިތްކިޔާ އެދެމެދުގައި ގާތް ގުޅުމެއް އުފެދުނުތާ ތިންމަސްނުވެއެވެ. މިހާރު އަނެއްކާ ވެސް އޭނާގެ ހިތް އެހެން މިސްރާބަކަށް ދީއްލައިލާން އުޅޭކަމުގެ ކޮޅުމަތި ފެނިއްޖެއެވެ. އަންހެން ކުދިންގެ ގައިގާ އުނިކަމެއް ހުރީއެއްނޫނެވެ. މައްސަލައަކީ އަދީލުގެ ހިތެވެ. އޭނާގެ ހިތް ބަދަލުވާލެއް އަވަސްކަމުންނެވެ. ރީތި އެއްޗިއްސަށް ހިތްކިޔާލެއް އަވަސްވެފައި ލިބުމުން ފޫހިވާލެއް ވެސް އަވަހީއެވެ. އަނެއްކޮޅުން އޭނާގެ އުޅުން ވެސް އެއިރެއްގައި އޭނާ ބޭނުންވާގޮތަކަށް ބަދަލުކޮށްލުމަކީ އެހާމެ ފަސޭހަކެމެވެ. ދިމާވާ އަންހެންކުދިން ނުރުހޭ އެއްވެސް ސިފައެއް އޭނާގެ ފަރާތުން ހޯދާކަށްވާ ލާހިކު ކުޅަދާނައެއްނޫނެވެ. އެވަރުގެ ސިކުނޑިއެއް އަދީލަށް ލިބިފައިވެއެވެ. ރޭވުންތެރިކަމާއެކު ޒުވާން އަންހެންކުދިންގެ ހިތް އެމީހުންނަށް ނޭނގި އަތުލުމަކީ އަދީލަށް އެއްވެސް ކަމެއް ނޫނެވެ. ގިނަ އަންހެން ކުދިންތަކެއް އޭނާގެ ދަލުގައި ޖެހެނީ ވެސް އެހެންވެއެވެ.
“ހާދަ ސަޅިއޭ، ތުންއަނބުރާލި ގޮތް ވެސް ދޯ، އަދި އެލޯބި ލޯބި ތުންފަތުން އަހަންނަށް ހީނވެސްލާނެ، ބަލަންހުންނާތި، މި އަދީލަށް ތިކުއްޖާ ހިނިތުންވެލާނެ ދުވަސް މާދުރެއްނޫން” ޚިޔާލީ ދުނިޔެއެއްގައިވި އަދީލު ހިނިތުންވެލަމުން މިހެންބުނެ ދެލޯ މަރާލިއެވެ.
ދުނިޔެމަތި އަލިވެ އިރު މެދަށް ޖެހެމުންދިޔަ ވަރަކަށް މަގުތަކުގައި ހަރަކާތްތެރިވަމުން ދިޔަ މީހުން ގިނަވިއެވެ. ވާފިރު އައިސް އޮފީހަށް ވަނީ އޮފީހުގެ ވެރިޔާ ދިޔާނާއާއެކުއެވެ. ދެމީހުން އެކުގައި އެއައީ ސަޔަށް ގޮސްފައެވެ. އެއީ އޮފީހުގައި އުޅޭ ހުރިހާ މުވައްޒަފުންނަށް ވެސް އެނގޭ ކަމެކެވެ. ދިޔާނާގެ ދަށުން އޮފީހުގައި ކަންކަން ނިންމަން ހުންނަ ވެރިއަކީ އޭނާ ވިއްޔާއެވެ. އެހެންވީމާ ތަނުގެ މުވައްޒަފުންނާއެކު ފެނުމަކީ ވުމަށްވުރެ ނުވުން ގާތްކަމެއްކަން އެންމެން ވެސް ޤަބޫލުކުރެއެވެ. ނަމަވެސް ވާފިރުއަކީ މުވައްޒަފުންނަށް ހެޔޮ ވެރިއެއްކަން ތަނުގައި އުޅޭ ހުރިހާ ސްޓާފުންނަށް އެނގެއެވެ. އޭގެ އިތުރުން އަމިއްލައަށް ވެސް ތަނުގައި އުޅޭ މުވައްޒަފުންނަށް ދަތިވާކަމެއް އޮވޭތޯ ބަލާ ވެރިއެއް ވެސް މެއެވެ.
“އެކްސްކިއުޒްމީ، ދިޔާނާ، ދެންމެ ލިބުނު ފެކްސްތަކެއް އަޅުގަނޑު ހުންނާނެ މޭޒުމަތީ ބަހައްޓާލައިފައި، އަރޖަންޓު ދަތްގަނޑު ޖަހާފައި ހުރީ” ދިޔާނާގެ ކެބިންނަށް ވަނުމުގެ ކުރިން އޭނާގެ އެސިސްޓެންޓު ޝޫބާ ގޮނޑިން ތެދުވެލާފައި ބުނެލިއެވެ. އަދި ދިޔާނާއާއެކު ހުރި ވާފިރަށް ހިނިތުންވެލިއެވެ. ދިޔާނާ އާއި ވާފިރުގެ ކެބިން ހުންނަނީ ޖެހިޖެހިގެންނެވެ. އެދެމީހުންގެ މަސައްކަތްތަކަށް ފަސޭހަކޮށްދޭން ހުންނަ މީހަކީ ޝޫބާއެވެ.
ޝޫބާއަށް ބޮލުގެ އިޝާރާތުން “އާނއެކޭ” ބުނެލުމަށްފަހު ދިޔާނާ ވަނީ އޭނާގެ ކެބިންނަށެވެ. އޭނާގެ ފަހަތުން ވާފިރު ވަނެވެ. ކެބިންގެ އެތެރެ ފެންނަ ގޮތަށް ބިއްލޫރިޖަހާފައި ހުއްޓެއްކަމަކު ވަށައިގެން ވަކިހިސާބެއްގައި ފުސްކޮށްހުންނަ ސްޓިކާ ވަނީ ހަރުކޮށްފައެވެ. އެހެންވެ އެތެރޭގައި ހުރީ ކާކުކަން ސީދާ ނުފެނުނަސް މީހަކު އުޅޭކަން އެނގޭހާވެއެވެ. އެއީ ވެސް މުވައްޒަފުންނަށް ފަސޭހަކުރުމަށްޓަކައި ދިޔާނާ ނިންމި ނިންމުމެކެވެ. ކެބިންގެ އެތެރޭގައި މީހަކު އުޅެނިކޮށް އެތަނަށް އެހެންމީހަކަށް ވަދެވިގެން ނުވާނެއެވެ. ކޮންމެ ސްޓާފަކު ވެސް ޖެހޭނީ ކެބިންގެ ބޭރުގައި ހުރި މޭޒުދޮށުގައި އިންނަ ޝޫބާގެ ގާތުގައި ބުނާށެވެ. ދިޔާނާއަށް ގުޅާ ވަގުތު ހޯދާ ދޭނީ އޭނާއެވެ. ސްޓާފުންނަށް ދިޔާނާގެ ކެބިންނަށް ވަދެވޭނީ އެއަށްފަހުއެވެ. ތަނުގެ ވެރިޔަކީ އަންހެނެއްކަމަކު އޭނާއަކީ ފިސާރި އަންހެނެކެވެ.
ދެއަހަރު ކުރިން ދިޔާނާގެ ފިރިމީހާ ކެންސަރުގެ ބަލީގައި މަރުވެގެން ދިޔައިރު އޭނާ ފަދައިން ވިޔަފާރީގެ ދުނިޔޭގައި ނުވެއްޓި ހިނގައިގަންނަން ދިޔާނާއަށް ވަނީ ދަސްކޮށްދީފައެވެ. ނަބީލުގެ އުމުރުގެ އެންމެ ފަހުދުވަސްކޮޅު ހޭދަކުރީ އެކަމުގައެވެ. އޭނާގެ އިރުޝާދުގެ ދަށުން ދިޔާނާ ދިޔައީ އެމީހުންގެ ކުންފިނީގެ ހުރިހާކަމެއް ބަލަހައްޓަމުންނެވެ. ނަބީލު ބަލިވުމާއެކު އޭނާގެ މަޤާމަށް ދިޔާނާ ގެނެސް އެކަން އޭނާގެ އޮފީހުގެ އެންމެނަށް އަންގާ ދިޔާނާގެ ބަސްވާނީ ފަހުބަސްކަމުގައި ބުންޏެވެ. ނަމަވެސް ފިރިމީހާއާ ވަކިވުމާއެކު ދިޔާނާގެ ހިތްވަރު އެލޭ ގޮތްވިއެވެ. އެހިތްވަރު ލިބިގެން ދިޔައީ ނަބީލު އެންމެ އިތުބާރު ކުރާ ވާފިރުގެ ފަރާތުންނެވެ. ނަބީލުގެ ޢާއިލާގައި އެކަކު ވެސް ނެތުމުން އޭނާގެ ހުރިހާ ކަމެއްހެން ބަލަހައްޓައިދިނީ ވާފިރެވެ. އަދި ދިޔާނާގެ ހިތާމައިގައި ބައިވެރިވެ އޮފީހުގެ ހުރިހާކަމެއް ބެލެހެއްޓުމުގައި އެންމެ ބޮޑު ހިތްވަރަކާ އެހީތެރިކަމެއް ލިބުނީ ވެސް ވާފިރުގެ ފަރާތުންނެވެ. އެދެމެދުގައި އޮތް ރަޙުމަތްތެރިކަމުގެ ގުޅުން ބަދަހިވެގެން ދިޔައީ ވެސް އެހެންވެއެވެ.
“ރޭގަ ހާދަ އަވަސް އަރުވާލާފައޭ ދިޔައީ، އަނެއްކާ ނަބީހާ ރަނގަޅުތަ” ކެބިންނަށް ވަދެގެން އައިސް މޭޒުދޮށުގައި އިށީން ދިޔާނާ އަހާލިއެވެ.
“އެކަހަލަ ގޮތެއް، އޭނާއަށް ވެސް ވަގުތު ދޭންވާނެއެންނު، މަގޭ ކުދިންގެ މަންމަވިއްޔާ، އަނެއްކާ މިހާރު ކުދިން ބޮޑެތިވީމާ އޭނާގެ ފަހަތުލައިގެން އުޅޭނޭ ކުއްޖަކު ވެސް ނުހުންނާނެ، ގޭތެރެ ވަރަށް ފަޅުވާނެއެންނު، ނަބީހާ އެގޮތަށް އެއުޅެނީ އެހެންވެ ކަންނޭނގެ” ދިޔާނާގެ މޭޒު ކުރިމަތީ ހުރި ގޮނޑީގައި ދެއަތްއަޅުވާލަމުން ކުޑަކޮށް ގުދުވެލައިގެން ހުރެ ވާފިރު ވާހަކަދެއްކިއެވެ. ނަބީހާއަކީ ކޮންކަހަލަ މީހެއްކަން ކޮންމެވެސް ވަރަކަށް ދިޔާނާއަށް އެނގެއެވެ. އޭނާއާ ދެފަހަރަކު ދިމާވެސް ވަނީ ވެފައެވެ.
“އަނބިމީހާ ކޮންމެ ގޮތެއް ހެދިޔަސް ވާފިރު އެއްޗެއް ނުބުނާނަން ދޯ، ކުދިންގެ މަންމައަށް ވިޔަސް މިހާރު ހުރިހާ ކުދިން ވެސް ބޮޑުވެއްޖެ އެންނު” ނިތްކުރިމައްޗަށް ވެއްޓުނު އިސްތަށިކޮޅު ކަންފަތްކައިރީ އަޅުވާލަމުން ދިޔާނާ ބުންޏެވެ. އެއާއެކު ދިޔާނާއަށް ބަލަންހުރި ވާފިރު ލުއިގޮތަށް ހީނލިއެވެ. އެހީނލުމުގައި ވަނީ ކޮންމާނައެއްކަމެއް ދިޔާނާއަކަށް ނޭނގުނެވެ. ފަހަރެއްގައި ނަބީހާގެ ވާހަކަ ވާފިރު ދައްކަން ބޭނުންނުވަނީ ކަންވެސް ނޭނގެއެވެ.
“އަދި މިއަދުގެ މަސައްކަތްތައް އަހަރުމެންނަށް ނުފެށޭ، ސައިބޮއެގެން އައިގޮތަށް މިތިބެވެނީ ވާހަކައިގައި، ދަނީ” ހަށިގަނޑު ސީދާކޮށްލި ވާފިރު ބުނެލިއެވެ. މިފަހަރު ދިޔާނާ ވެސް ބަދަލުކޮށްލީ ހިނިތުންވުމެކެވެ. އަދި ވާފިރު ނުކުމެގެން ދަންދެން އެދިމާލަށް ބަލަހައްޓައިގެން އިނެވެ.
ފޯނުން ގަޑިބަލާލުމާއެކު އަދީލު ސައިކަލު ދުއްވާލިއެވެ. އޮފީސް ހެދުމުގައި ހުރިއިރު އޭނާ ވަރަށް ސްމާޓެވެ. ލޮލުގައި އަޅާލާފައި އޮތް އަވިއައިނު ރަނގަޅު ކޮށްލަމުން މަގަށް ތަންކޮޅެއް ރަނގަޅަށް ބަލާލިއެވެ. މިދެވެނީ ރަނގަޅަށްތޯ ޔަޤީންކޮށްލާ ފަދަ ގޮތަކަށެވެ. މަގުގެ ބޮޑުބަޔަށް ގަދަ އަވިދީފައި އޮތްއިރު އެއްފަރާތުގައި ޖަހާފައި ހުރި ގަހެއްގެ ކައިރީ އަދީލު ސައިކަލު މަޑުކޮށްލިއެވެ.
“ކޮބާބާ؟ މިއަދު ނާންނަނީތަ؟” އަނެއްކާ ވެސް ފޯނުން ގަޑިބަލާލުމާއެކު މަޑުމަޑުން ބުނެލިއެވެ. އަދި މަގުގެ ދެކޮޅު ހޯދަންފެށިއެވެ. ކައިރިކޮށްލެވިފައި ހުރި ދެބުމަ ދޭތެރެއިން ރޫތައް ފިލައިގެން ދިޔައީ އެދިމާލަށް އަންނަ އަންހެން ކުއްޖާ ފެނިފައެވެ.
“ޔެސް، ޖަސްޓް އޮން ޓައިމް” މިހެންބުނެ އަދީލު އެއްމިޔަކަނިން ހިނިތުންވެލިއެވެ.
ސައިކަލަށް އެރުމާއެކު އޭނާ މަޑުކޮށްލައިގެން އިނުމަށްފަހު އެއަންހެންކުއްޖާގެ ފަހަތުން ސައިކަލު ދުއްވާލައިފިއެވެ. އޭނާއާ އަރާހަމަކޮށްލުމާއެކު މަޑުމަޑުން އަޑެއްލައްވާލީ އަދީލަށް އެއަންހެންކުއްޖާ ބަލާލާނެ ކަމަށެވެ. ނަމަވެސް އެއަންހެން ކުއްޖާގެ ހިނގުންވީ ބާރެވެ. މޫނުމަތީގެ ކުލަވަރު ވެސް ބަދަލުވެގެން ދިޔައެވެ. ދެބުމަ ވަގުތުން ގޮށްޖަހާލިއެވެ.
“ކީއްވެތަ އަނގައިން ނުބުނަނީ، އަހަރެން ބޭނުން ތިކުއްޖާއާ ވާހަކަދައްކާލަން، ސީރިއަސްކޮށް، ކިހާ ހޫނު ގަޑިއެއްމީ، އަހަރެންގެ ސައިކަލުގައި ގެންގޮސްދެންތަ، އަރާ ގެންގޮސްދޭނަން، އަހަރެން ނޫޅެން ތިކުއްޖާއަށް ކަމެއްކުރާކަށް، ހަމަ ވާހަކަދައްކާލަން ބޭނުންވަނީ، ޕްލީޒް” އަދީލު ބުންޏެވެ. އޭގެ ބަދަލުގައި އެއަންހެން ކުއްޖާ އަދީލަށް ބަލާލީ ލޯއަޅާލަމުންނެވެ. އަދި ދުވާރުގެ މަތިން އިމާރާތްތަކުގެ ފާރާ ކައިރިއަށް ޖެހިލިއެވެ. އަދީލްއާ ދުރަށް ޖެހިލުމުގެ ބޭނުމުގައެވެ.
“ވާހަކަ ނުދެއްކިޔަސް އޯކޭ، އަހަރެން ހުރިހާ ވާހަކައެއް ދައްކަފާނަން، އެހެންވިޔަސް ހަމައެކަނި ނަން ބުނެލަ ދޭންވީނު، އަނގައިން ނުބުނަން ތިހުންނަނީ އަހަންނަކީ ފެންނަހާ އަންހެން ކުދިންނާ މިގޮތަށް ވާހަކަދައްކާ މީހެއްކަމަށް ހީކޮށްތަ؟ އެވިސްނުމުގައި ހުރީވިއްޔާ ތީ އަދި ރަނގަޅުގޮތެއްނޫން، އަހަންނަކީ ކަމެއްނެތިގެން މާލެތެރޭ އެނބުރޭ މީހެއްނޫން، ތިކުއްޖާ އަހަންނާ ވާހަކަދައްކާލަނިކޮށް ހުރިހާ ކަމެއް ވެސް އެނގޭނެ، ސޯ ޕްލީޒް، އަނގައިން ބުނެބަލަ، އެހެންނޫނީ މިހެން ފަހަތުން އަންނާނަން، އުޅޭތަނެއް ހޯދައިގެން ގޭދޮށަށް ވެސް ދާނަން” އަދީލު ލާނެތްގޮތަކަށް ހީނލިއެވެ.
“ކިހާ ދެރަކަމެއް” ރުޅިވެރިކަމާއެކު އަންހެންކުއްޖާ އަދީލަށް ބަލާލަމުން ބުނެލިއެވެ.
“އޯހް! ވާހަކަދައްކޭ ދޯ، ރުޅި އައިސްފައި ހުރެވެސް އެއްޗެކޭ ބުނީތީ ވަރަށް އުފާވެއްޖެ” އަދީލު ގަދަކޮށްލިއެވެ. އެއަންހެން ކުއްޖާ ފުންނޭވާއެއް ލުމާއެކު ހިނގުން ބާރުކޮށްލިއެވެ. އަދި ޖެހިގެން އޮތް މަގަށް އެޅީ އެމަގުން އޭނާ ދާންބޭނުންވެގެންނެއްނޫނެވެ. އެހެންނަމަވެސް އަދީލުގެ ކިބައިން ސަލާމަތްވުމަށެވެ. އެކަމެއް ނުވިއެވެ. އެގޮތަށް ދެތިން މަގަށް އެޅުނުފަހުން އަދީލުގެ ސައިކަލު އޭނާއަށް ގެއްލުނެވެ. އެވަރުން ވެސް އޭނައަށް ހަމަޖެހުމެއްނުލިބުނެވެ. އޭނާގެ މަންޒިލާ ހަމައަށް ދެވުނީ ޖެހިލުންވެފައި ހުރެ ފަސްބަލަމުން ކަހަލަ ގޮތަކަށެވެ.
“ކޮބާ މެޗު ކިހިނެއްދިޔަނީ” ކުޅެނިންމާފައި އައިސް ގެއަށް ވަންނަން އުޅުނު އަކްމަލްއަށް އޭނާގެ ފަހަތުން އިމްރާނުގެ އަޑުއިވިގެން ފަސްއެނބުރި ބަލާލިއެވެ.
“ހަތް ލަނޑު ޖެހި، ފާނަމެން ޓީމުގެ ދޮނާ މިއަދު ނާދޭ، އެތަންކޮޅު އެދެއްކީ” އަކްމަލް މިހެން ބުނެލުމާއެކު އިމްރާން ހީނލިއެވެ.
“ދޮނާއަށް އަދިވެސް ވަގުތުވޭތަ މެޗުކުޅެން އަންނަން، އަޑުއެހިން އޭނާ މީހަކާ އިނދެގެން އަންހެނުން ރަށަށް ބަދަލުވާން އުޅޭ ކަހަލަ ވާހަކައެއް” އިމްރާނު އައިސް އަކްމަލްގެ ގާތުގައި މަޑުކޮށްލަމުން ބުނެލިއެވެ.
“އާނ! އެއީ ތެދެއް، ކުރިއަށް މިއޮތް މަހުގައި އިންނާނެ، އަހަރުމެންގެ ލޯމަތިން އޭނާ ވެސް އޭރުން ގެއްލޭނެ، މިހާރު ވެސް މެޗުކުޅެން މިދަނީ ދެމީހުނާ ފަޅި، ޓީމު އެއްކޮށް ބައިބައިވަނީ” އަކްމަލް މާޔޫސީ ރާގެއްގައި ބުނެލިއެވެ.
“ދިރިއުޅުމުގެ ކަންތައްތައް ހުންނަގޮތުން އެހެންއެވަނީ، މީހުންނާ އިނދެ ދަރިން ވެސް ހޯދަންވާނެ، މުޅި އުމުރު އެކަނި ހޭދަކޮށްލުމަކީ ވެސް ރަނގަޅު ގޮތެއް ނޫނެންނު، އަކްމަލް އަދި އެފަދަ ކަމަކާ ނުވިސްނާތީ އެއީ ކިހާ ޒިންމާދާރުކަމެއްކަން ނުވިސްނެނީ” އިމްރާނު ބުނި އެއްޗަކުން އަކްމަލް އޭނާއަށް ބަލާލީ ތަފާތު ގޮތަކަށެވެ.
“އޭތް! އަނެއްކާ އިއްމަ ވެސް މެރީ ކުރަނީތަ؟ އަންގާލައިގެން އުޅެބަލަ” އަކްމަލް ހިނިއައިސްފައި އަހާލިއެވެ.
“އެހެންކަމަށް، އަންނަ ހުކުރު ދުވަހު މެޗު ކުޅެން ގޮސްފަ އެންމެނަށް ދަޢުވަތު ދޭންމިހުންނަނީ” ހިނިއައިސްފައި ހުރެ ލަސްގޮތަކަށް އިމްރާނު ބުނެލިއެވެ.
“ކޮންގްރެޓްސް އިއްމަ، އެހެންވީމަ މާދަން ނޫން އަނެއްދުވަހު ދިމާވާނެތާ، އަހަރެން މަޑުކުރާނަން ގޭދޮށުގައި، އިއްމައާއެކު އެކޮޅަށް ދާނީ” އިމްރާނުގެ ކޮނޑުގައި ޖަހާލަމުން އަކްމަލް ބުނެލިއެވެ. އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލި އިމްރާނު ވެސް އަކްމަލްގެ އަތުގައި ޖަހާލާފައި އޭނާގެ ގެއާ ދިމާލަށް އެނބުރި ހިނގައިގަތެވެ.
ގެއަށް ވަންނަން އުޅުނު އަކްމަލްގެ ލޮލުގައި އަޅައިގަތީ ގޭދޮރުމައްޗަށް އައިސް އެވަގުތު މަޑުކޮށްލި ކާރެވެ. އޭގައި ޖަހާފައި ހުރި ބިއްލޫރީގެ ސަބަބުން އެތެރޭގައި ތިބީ ކޮންބައެއްކަމެއް ނުފެނެއެވެ. އެހެންވިޔަސް މަޑުކޮށްލެވުނީ އޭގެން ފައިބަނީ ކާކުތޯ ބަލާލުމުގެ ޝައުގުގައެވެ. އޭނާ ދޮރޯށި ހުޅުވާލައިގެން މަޑުކޮށްލިތަނާ ކާރުން ވާފިރު ފޭބިތަން ފެނުނެވެ. މިނޫނީ އެކާރެއް އަކްމަލް ނުދެކެއެވެ.
“ބައްޕަތަ؟” ވާފިރު ގޭތެރެއަށް ވަންނަން އައުމުން އަކްމަލްއަށް ބުނެލެވުނެވެ. އޭރު ވާފިރު ފޭބި ކާރު ދުއްވާލައިފިއެވެ.
“ކިހިނެއްވީ؟ ކާކުކަމަށް ދަރިފުޅު ހީކުރީ” ދަރިފުޅުގެ މޫނަށް ނިކަން ރަނގަޅަށް ބަލާލަމުން ވާފިރު އަހާލިއެވެ.
“އެއީ ކޮން ކާރެއް، މިނޫނީ ނުފެންނާތީ އަހާލެވުނީ” އަކްމަލް ގޭތެރެއަށް ވަންނަމުން ބުނެލިއެވެ.
“އެއީ ބައްޕަ އޮފީހުގެ ބޮޑުމީހާ ދުއްވާ ކާރު، ވަރަށް ފަހުން ގެނައި ކާރެއް އެއީ، ބައްޕަ އަވަހަށް އަންނަން ބޭނުންވެފައި ހުރީމަ ކާރުގައި ގެނެސްދިނީ، އަނެއްކާ މިއަދު ހެނދުނު ސައިކަލު ފެޓްރޯލު ހުސްވެފައި ހުރީމަ ދާންޖެހުނީ ޓެކްސީއެއްގައި” ވާފިރު ބުންޏެވެ. ސިޓިން ރޫމުގެ ތެރެއިން ދެބަފައިން ވަކިވީއެވެ. އަކްމަލް އޭނާގެ ކޮޓަރިއަށް ދިޔައިރު ވާފިރު ވެސް އައިސް ވަނީ އޭނާގެ ކޮޓަރިއަށެވެ.
* * * *
އިންޓަރވިއުއަށް ދިޔަތާ ހަފްތާއެއްގެ ފަހުން އަކްމަލްއަށް ވަޒީފާއަށް ނުކުންނަން އެންޓުއަރ މޯލްޑިވްސް އިން ގުޅިއެވެ. ލިބުނު ޚަބަރުން އުފަލުން ގޮސް މީހާއަށް ފުންމައިގަނެވުނެވެ. އަވަސް އަވަހަށް އައިސް ރީތިވާ މޭޒުކައިރީ އަޅުވާފައި ހުރި ކަލަންޑަރުގައި ތާރީޚް ފާހަގަކޮށްލިއެވެ. ހަފްތާބަންދަށްފަހު އަންނަ އާދިއްތަ ދުވަހު ވަޒީފާއަށް ނުކުންނަން ޖެހޭނެތީއެވެ. އެކަމުން އަކްމަލްއަށް ލިބިފައިވި މާޔޫސްކަން އެއްކޮށް ފިލައިގެން ދިޔަކަހަލައެވެ. ނަމަވެސް އަކްމަލްގެ ހިތުގައި ބަޔާންކުރަން ދަތި އެކަނިވެރިކަމެއް ވިއެވެ. ޒުވާންކަމުގެ ވިންދު އެހިތުގައި ޖެހިނަމަވެސް އެހިތް އެދޭގޮތަށް ކަންތައްކުރަން އަކްމަލްވަނީ ނުކުޅެދިފައެވެ.
މީގެ ކުރިން ނުވިސްނާ ކަމަކާ އަކްމަލްގެ ސިކުނޑިވަނީ ވިސްނަން ފަށާފައެވެ. ލަބީބުމެންގެއިން ފެނުނު އަންހެން ކުއްޖާއާ މެދުއެވެ. ހިތްއެދެނީ އެއަންހެން ކުއްޖާއާ ބައްދަލުކުރާށެވެ. އަދި އެއްފަހަރު ވިޔަސް ދެކިލާށެވެ. އަކްމަލްއަށް އެކަން ވާންއޮތީ އެގެއަށް ގޮސްގެންނެވެ. އޭނާއަށް ދެވަނަ ފަހަރަށް އެއްވެސް ސަބަބެއްނެތި ލަބީބުމެންގެއަށް ގޮސް ވަންނާކަށް ނުކުރޭނެއެވެ. ހިތްނުތަނަވަސްވަނީ އެހެންވެއެވެ. އަނެއްކޮޅުން ދުވަހަކު ވެސް ގޭގޭ ދޮށަށް އަންހެން ކުދިން ހޯދަން ގޮސް އުޅުނީއެއް ވެސް ނޫނެވެ. އެހެންވެ އެހާ ހިތްވަރެއް އަކްމަލްގެ ނެތެވެ. އެއަންހެން ކުއްޖާއާމެދު ވިސްނާ ފިކުރުކުރުން ނޫންކަމެއް އަކްމަލްއަށް ނުވެއެވެ. އެންމެ ބޮޑުވަރަކަށް ވެސް އޭނާއަށް ކުރެވޭ ކަމަކީ އެއަންހެން ކުއްޖާގެ ނަން ފޯނުގައި ލިޔެލުމެވެ. އަދި އެއަށް އެތަށް އިރެއްވާންދޭން ބަލަހައްޓައިގެން އޮތުމެވެ.
އެނދުގައި އޮތް އަކްމަލްގެ ފޯނު ރިންގުވާން ފެށުމާއެކު ޚިޔާލީ ދުނިޔެއިން އޭނާއަށް ހޭލެވުނެވެ. އަދި ފޯނު ގެނެސް ކަންފަތާ ކައިރިކޮށްލަމުން ވާހަކަދައްކަން ފެށިއެވެ.
“އަކޫ، މިރޭ އިއްމަ ވެޑިންނަށް ދަންތަ؟” އަކްމަލްއާއެކު ފުޓުބޯޅަ ކުޅެން އުޅޭ ޔާދުގެ އަޑު ފޯނުން އިވުނެވެ.
“އާން! ދާނަން، އެންމެން މިކޮޅަށް އަންނަވީނު، އޭރުން ކައިރިވާނެ، އެކަމަކު ނުވައެއް ޖަހަންވާއިރަށް އަންނަންވާނެ، އޭރުން ގަޑިއަށް ދެވޭނީ، އަހަރެން ބޭނުމެއްނޫން އެހާ ލަސްވަންދެން ބޭރުގައި އުޅޭކަށް” އަކްމަލް މިހެންބުނުމާއެކު ޔާދު ބުނާއެއްޗެއް އަޑުއަހަން އޮތެވެ. އަދި “ހޫން!” ލައްވާލާފައި ފޯނު ކަނޑާލިއެވެ.
ރޭގަނޑު ކާން މޭޒުދޮށުގައި އިން ލަބީބު، ޝީރީނާ ސުވާލުކުރީ ގޭތެރެ މިއަދު މާ ހަލަބޮލިވެގެން އުޅޭތީ އެކަމާއެވެ. ޝީރީން ކަންތައްވީގޮތް ކިޔައިދިނެވެ. ޒީވާ އޭނާގެ އަމިއްލަ ކޮޓަރިއެއް ބޭނުންވާ ވާހަކައާ ކުޑަދެބެން ޒީވާ ގެންގުޅޭ އެއްޗެހި ހަލާކުކުރާ ވާހަކައެވެ.
“އެކުދިން ވެސް ގަސްދުގަ ހަލާކެއްނުކުރާނެއެންނު، އެވާނީ ބޭނުންކުރަނިކޮށް ހަލާކުވަނީކަމަށް، އެހެންނޫނަސް އެކުދިން ޒިވާއާ ހެދި ހާދަވަރެކޭ އެހުންނަނީ، ލަމްޔާއަށްވުރެ ޒީވާދެކެ ލޯބިން އުޅޭހެން ހީވޭ، އަނެއްކާ ހުސް އަންހެން ކުދިން، އެއްކުއްޖަކު ބޭނުންކުރާ އެއްޗެހި އަނެއްކުއްޖަކު ބޭނުންވާނެތާ” ލަބީބު ބުނެލިއެވެ.
“ތިކަން ވެސް އެނގެޔޭ، ލަބީބު، ޒީވާ މިހާރު ކުޑައެއްނޫނޭ، ރުވާ އާއި ރީމްގެ އެއްޗެހި ވެސް އެހާ ގިނަ، އެތަނުގައި އެހުންނަނީ އެންމެ އަލަމާރިއެއް، އެދެބެންގެ އެއްޗިއްސާ ޒީވާގެ އެއްޗެހި ލާނެހާތަނެއް މިހާރު އެއަލަމާރިއަކުނެތް، އާމުކޮށް އޭނަ ނާރާ ފައިވަންތައް ވެސް އެއޮންނަނީ ހަރުގަނޑުން ބޭރުގަ، ހެދުން އަޅުވާ ހަރުގަނޑު ވެސް އަބަދުހެން ފުރިފަ، އަހަންނަށް ފެންނަނީ ލަބީބު މިކަމާ ތަންކޮޅެއް ބޮޑަށް ވިސްނާލަން، ގޯތީގައި ތަންނެތީއެއްނޫނެންނު” ޝީރީން ކަށިފިލުވާދިން ފަރުމަސްކޮޅު ލަބީބުގެ ތައްޓަށް ލާދިނެވެ.
“ތިކަން ކޮންމެވެސް ގޮތަކުން ހައްލަކުކުރާނަން، ކޮންތާކަށްތަ ލަމްޔާ އާއި ޒީވާ އެދިޔައީ” ލަބީބު އަހާލިއެވެ.
“އެކުދިން އެދިޔައީ ޕާޓީއަކަށް، ލަމްޔާ އެކަނި ދާންޖެހޭތީ ޒީވާ ގޮވައިގެން އެދިޔައީ، އަހަރެން ބުނިން ލަބީބު ސިޓިންރޫމުގައި އިންއިރު ބުނެލާފައި ދައްޗޭ” ޝީރީން ބުންޏެވެ.
“އެކުދިން ބުންޏޭ، އަހަންނަށް ސާފުނުވީ، ހަމައެކަނި އިވުނީ ލަސްނުވެ އަންނާނަމޭ ބުނިއަޑު” ޝީރީނަށް ބަލާލި ލަބީބު ބުންޏެވެ.
“ލަމްޔާ ހަވީރު އޮފީހުން އައިސް އެޕާޓީއަކަށް ދާންއޮތްވާހަކަ ޒީވާ ގާތު ބުނީއްސުރެން ރީމް ހުރީ އެމީހުންނާއެކު ދާން ފައިވިއްދާލާފައި، ނުދެވޭނެއޭ ބުނީމަ ބޮޑާހާކާފައި އެބައޮތް އަހަރުމެން ކޮޓަރި އެނދުގައި ނިދާފައި، އަންނާނަން ގޮވައިގެން، ކާންނުދީފިއްޔާ ދަންވަރު ހޭލާނެ ބަނޑުހައިވެގެން، އޭރުން އަނެއްކާ އަނެއް ހަކަންތައް” ޝީރީން މިހެންބުނެ ބަދިގެ ފަރާތުން ނުކުންނަން ހިނގައިގަތެވެ.
ކުލަކުލައިގެ ހެދުންތަކުގައި މީހުންތައް ދަރުބާރުގެއަށް ވަންނަމުންދިޔައިރު އެންމެން ވެސް ފެންނަނީ ވަރަށް ނަލަކޮށެވެ. އެކިއުމުރު ފުރައިގެ މީހުން ބައިގަނޑު ގަނޑު ހަދާފައި ޕާޓީއަށް ވަންނަމުންދިޔައެވެ. އަތުގައި އެކިވަރުވަރުގެ ޕާރުސަލްތައް ވެއެވެ. މައިހޯލުތެރޭގައި އަލަތު ދެމަފިރިން ހުއްޓިލައިގެން ތިބިއިރު އެދެމީހުންނާ ސަލާމްކޮށްލާފައި އެތެރެއަށް ވަންނަ މެހެމާނުންގެ މޫނުތައް އުޖާލާވެފައިވެފައި ވަނީ ހިނިތުންވުމަކުންނެވެ. ހޯލުތެރޭގައި އެކި ދިމަދިމާލުގައި ޖަހާފައި ހުރި މޭޒުތަކުގެ ދޮށުގައި މީހުންތައް އިށީންނަމުންދިޔައެވެ. އޭރު އެމީހުންގެ އަތްތަކުގައި ބުއިންތައް އަޅާފައި ހުރި ތަށްޓާ ކާއެއްޗެހި އަޅާފައިވާ ތަށިތައްވެއެވެ. ޒުވާން ގުރޫޕުތަކުގެ ނަޒަރުތައް ހުއްޓިފައި ހުރީ ޕާޓީއަށް ވަންނަ ޒުވާން އަންހެން ކުދިންނާއި ފިރިހެން ކުދިންނަށެވެ. އެގޮތުން މޭޒެއްގެ ދޮށުގައި އަކްމަލް އާއި އޭނާގެ ރައްޓެހިން މަޑުކޮށްލައިގެން ތިއްބެވެ. އެމީހުންގެ ސަކަރާތުގައި ދެތޭރެއަކުން އަކްމަލް ބައިވެރިވެލައެވެ. އެހެންތިއްބާ ކުއްލިއަކަށް އަންހެން ކުދިބައެއްގެ ހަޅޭކުގެ އަޑު އެއްފަރާތުން އިވުމާއެކު އެދިމާލަށް އަކްމަލް އާއި އޭނާގެ ރައްޓެހިންގެ ނަޒަރު ވެސް ހުއްޓިގެން ދިޔައެވެ. އޭރު އެދިމާލުގައި ހުރި މޭޒެއްގެ ދޮށުގައި ފެންތަށްޓެއް ހިފައިގެން އައިސް އިށީންކުއްޖާ އަކްމަލްގެ ލޮލުގައި އަޅައިގަތެވެ.
ރިހިކުލައާއި ފިޔާތޮށިކުލައިން ޒީނަތްތެރިކޮށްފައި ހުރި މެކްސީއެއް ލާފައި ޒީވާ ހުރިއިރު އޭނާގެ އިސްތަށިގަނޑު ހަދައިދިނީ ލަމްޔާއެވެ. ތަނުގައި ލަމްޔާގެ ރަޙުމަތްތެރިން ވަރަށް ގިނައެވެ. އެހެންނަމަވެސް އެކަނި އިންނަން ޒީވާ ފޫހިވާގޮތެއް ނުވިއެވެ. މީރުކޮށް ކާލެވުނީތީ އޭނާ އިނީ ހިތްހަމަޖެހިފައެވެ. ފެންތަށި ބޯލުމާއެކު ޓިޝޫކޮޅަށް އަޅައިގެން އައި ދުފާއެއްޗެހިން ފޯއްފޮޗެއް ނަގާ އަނގަޔަށްލިއެވެ.
“ސިސް އެބަ އަންނަން އިނގޭ، މިހިރަ މޭޒުގަ އެތިބީ ސިސްގެ އޮފީސްކުދިން، އެމީހުން ގާތަށް މިދަނީ، ޒީވް ފޫހިވަންޏާ ބުނޭ އިނގޭ” ލަމްޔާ މިހެން ބުނުމުން ނިކަން ފަސޭހައިން ޒީވާ ބޯޖަހާލިއެވެ. އަދި ހަމަޖެހިލަމުން ވަށައިގެން ނަޒަރު ހިންގަންފެށިއެވެ.
މިއުޒިކް ބޭންޑުން ކުޅެމުންދިޔަ ލުއިލުއި ރާގުންނާ ތަނުގައި ހުރި ފަނޑު އަލިކަމުން މަސްތީގޮތެއް މާހައުލުގައި ހުރިކަން ޒީވާއަށް ފާހަގަވިއެވެ. ލުއި ހިނިތުންވުމަކާއެކު ތަނުގައި ދުވެދުވެފައި އުޅޭ ކުޑަކުދިންތަކަށް ބަލަން އިންއިރު އޭނާއަށް މީހަކު ބަލާކަމުގެ އިޙްސާސް ކުރެވުނީ ކިހިނެއްކަމެއް ނޭނގެއެވެ. ސިއްރުން ކަހަލަ ގޮތަކަށް ކައިރީގައި ހުރި މޭޒުތަކަށް ބަލަން ފެށިއެވެ. އެހިނދު ޒީވާ އިން މޭޒާ ކުރިމަތިވާ ކަހަލަ ގޮތަކަށް ހޯލުގެ އަނެއްފަރާތުގައި ހުރި މޭޒު ދޮށުގައި އިން ޒުވާނާ ޒީވާގެ ލޮލުގައި އަޅައިގަތެވެ. އެއާއެކު ހުއްޓުން އަރާގޮތްވީ ޤަބޫލުކުރަން ދަތިވެގެންނެވެ. ޒީވާ ހީކުރީ އޭނާއަށް ހީވިގޮތެއް ކަމަށެވެ. ނަމަވެސް ޒީވާ ބަލަންއިންދާ އެޒުވާނަ ގޮނޑިން ތެދުވިއެވެ. އެހެންވެ އަވަސް އަވަހަށް އިސްޖަހާލާފައި ދުފާކަމަށް ހަދާލިއެވެ.
ދެޖީބަށް އަތްޖަހާލައިގެން ހުރެ މަޑުހިނގުމުގައި އައި އަކްމަލް މޭޒުގެ ދޮށުގައި ޒީވާއާ ޖެހިގެން ހުރި ގޮނޑީގައި އިށީނީ ވަރަށް ހިތްވަރުކޮށްފައެވެ. ޒީވާ ކަންތައްކޮށްފާނެ ގޮތެއްނޭނގޭތީ އެކަމާ ޖެހިލުންވެފައި ހުރެއެވެ.
“ކިހިނެއްތަ؟” އިރުކޮޅަކު ހިމޭނުން އިނުމަށްފަހު އެދެމެދުގައި ވާހަކައެއް ފެށޭތޯ އަކްމަލް މަސައްކަތް ކުރިއެވެ.
“ރަނގަޅު” ރަކިހިނިތުންވުމަކާއެކު ޒީވާ، އަކްމަލްއަށް ބަލާލަމުން ބުނެލިއެވެ.
“އެކަނިތަ؟ އެނގިއްޖެތަ މީކާކުކަން” އަކްމަލް މިފަހަރު ވާހަކަދެއްކީ ކުޑަކޮށް ޒީވާއާ ދިމާލަށް އެނބުރިލަމުންނެވެ.
“އެކަންޏެއްނޫން، ސިސްއާއެކު، ތީ… ތީ އަކްމަލް ދޯ” ފިނިވެފައި އިންވަރުން ދެއަތްދެއަތުގެ ތެރެއަށްލާ ބާރުކުރަމުން ދިޔަ ޒީވާ ބުނެލިއެވެ. އޭނާގެ މޫނުމަތިން ޖެހިލުންވެފައި އިންކަން ނުދައްކަން ވަރަށް މަސައްކަތް ކުރަމުންނެވެ. މި ޕާޓީއިން އަކްމަލްއާ ދިމާވެދާނެކަމަކަށް ޒީވާ ހިޔެއްނުކުރެއެވެ. އެހެންވިޔަސް އޭނާ ހުރީ އަކްމަލްއާ ބައްދަލުކުރާ ހިތްވެފައެވެ.
“ގްރޫމްއަކީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް” ދައްކާނީ ކޮންވާހަކައެއްކަމެއް ނޭނގި އިނދެ އަކްމަލް ބުނެލިއެވެ.
“ސިސްމެން އޮފީސް ކުއްޖެއްގެ ވެޑިންމީ، އަހަންނަކަށް މާބޮޑު އެއްޗެއް ނޭނގޭ” ޒީވާ މިހެންބުނެ ހިނިތުންވެލިއެވެ. އެހިނިތުންވުން އަކްމަލްގެ ހިތަށް ފިނިކަން ގެނެސްދިނެވެ. އޭނާ ޔަޤީންކޮށްލުމުގެ ގޮތުން ޒީވާގެ ގާތުން އޭނާގެ ނަންއަހާލިއެވެ. ޖަވާބެއްގެ ގޮތުން ޒީވާ ބޯޖަހާލިއެވެ. އެހިސާބުން އެދެމެދުގައި އެކިއެކި ވާހަކަދެކެވެން ފެށިއެވެ. ނަމަވެސް ހިތުގައިވާ އެއްޗެއް އެކަކު ވެސް އަނެކަކަށް ހާމައެއްނުކުރެއެވެ. މުޅިން ވެސް ވާހަކަދައްކަމުން ދިޔައީ ދުރުދުރުން އުޅޭ ދެމީހުން ފަދައިންނެވެ. ޕާޓީގެ ވާހަކައިން ފެށިގެން އެތަނަށް އައިސްތިބި މީހުންގެ ވާހަކައެވެ. ތަން ޒީނަތްތެރިކޮށްފައި ހުރިލެއް ފުރިހަމަ ކަމުގެ ވާހަކައެވެ. އެންމެ ފަހުން ގޮސް ޒީވާ ލައިގެން ހުރި ހެދުން ރީތި ވާހަކަ ވެސް އަކްމަލް ބުނެލިއެވެ.
“އަހަރެން ޒީވާއަށް ގުޅާލިޔަސް އެންމެ ރަނގަޅުތަ، ޖަސްޓް ފްރެންޑްސް” ދައްކާނޭ ވާހަކަ ހުސްވެ ހިމޭންކަމުގެ ވަގުތުކޮޅެއް އެދެމެދަށް ވެރިފައި އޮތުމަށްފަހު އަކްމަލް އަހާލިއެވެ. އެއާއެކު ކޮންމެވެސް ވަރެއްގެ ހާސްކަމެއް ޒީވާގެ މޫނުން ފެނިގެން ދިޔައެވެ.
(ނުނިމޭ)