THEMI VAAREYGA VEEMEY [PART 9]

އެނދުގައި ނުނިދިގެން ދެފަރާތަށް ފުރޮޅި ފުރޮޅި ޝޫޒާ އޮތީ ރިހާމު ގެއަށް ނާންނާތި އެވެ. ޝަކުވާކުރަން ބޭނުންވިޔަސް އެފުރުޞަތެއް އޭނާއަކަށް ނެތެވެ. ރިހާމު ބޭނުންވާ ވަރަށް ޝޫޒާއަށް އޭނާއަކަށް ވަގުތެއް ހުސްކޮށެއް ނުދެވެ އެވެ. އަނެއްކޮޅުން ރިހާމު އޭނާއަށް އޮންނަނީ ހުރިހާ ގޮތަކުން މިނިވަންކަން ދީފަ އެވެ. އޮފީހުގައި ކިތަންމެ އިރަކު އުޅުނަސް ރިހާމު މައްސަލައެއް ނުޖައްސާނެ އެވެ. އޭގެއިތުރުން އޭނާ އޮފީސް ދަތުރުތަކުގައި އާއި ރައްޓެހިންނާއިއެކު ރިސޯޓުތަކަށް ދިއުމާއި ރާއްޖޭން ބޭރަށް ދިއުމަކީވެސް ރިހާމު އެއްވެސް ވަރަކަށް ހާސްވާކަމެއް ނޫނެވެ. އެފަދަ ބޮޑު އިތުބާރެއް ރިހާމު، ޝޫޒާއަށް ކުރާއިރު އޭނާ ރިހާމަށް ޝައްކު ކުރުމަކީ އެއްވެސް ގޮތަކަށް ކޮށްގެންވާނޭ ކަމެއްނޫންކަން ޝޫޒާގެ ޟަމީރު ވިސްނައިދިނެވެ. ވަޒީފާ އާއި ތިމާ އާއި އޮންނަގުޅުމަކީ އަދި ވަކި ގުޅުމެއްކަމުގައި ރިހާމު ބުނެ އެވެ. އޮފީހުގެ ކަންތައްތަކާއި ވާހަކަތައް ހިފައިގެން ގެއަށް އައުމަކީ އޭނާ އެހާ ގަޔާވާކަމެއްނޫންކަން ޝޫޒާ ގާތު ވަނީ ބުނެފަ އެވެ. އެހެންވެ ދެމީހުންކުރެ އެކަކުވެސް ވަޒީފާ އާއި ބެހޭގޮތުން ސުވާލެއް ނުކުރެ އެވެ. އަދި އޮފީހުގައި ދިމާވާ ކަންތައްތަކުގެ ވާހަކައެއް އެއްވެސް ގޮތަކަށް ޚިއްޞާކޮށެއް ނުހަދަ އެވެ.

* * * *

“މިރޭ ހާދަ މަޑުމަޑުން ތިއޮތީ” ޞޮފާ އަނގައިން ނުބުނެ ރިހާމަށް ފުރަގަސްދީގެން އޮންނަން ފެށުމުން އޭނާ ޞޮފާގެ ކޮނޑުގައި އަތްޖައްސާލަމުން އަހާލި އެވެ.

“ކަމެއްނުވޭ” ޞޮފާ މަޑުމަޑުން މިހެން ބުނެލިނަމަވެސް އޭނާ ރިހާމާއި ދިމާލަށް އެނބުރޭކަށް ނޫޅުނެވެ.

“މިރޭ ކަމުނުދަނީތަ… މާ އަވަސްއަރުވާލެވުނީ ދޯ” ރިހާމު ކުރުއަތްމައްޗަށް ތެދުވެލަމުން ޞޮފާ އާއި ގާތްވެލާފައި އޭނާގެ ކޮނޑުގައި ދަތްދޮޅި ޖައްސާލާފައި ބުނެލި އެވެ. އަދި ޞޮފާގެ ކޯތާފަތުގައި ފިރުމާލާފައި ދަތްދޮޅީގައި ހިފާ އެ މޫނު ރިހާމާއި ދިމާލަށް އަނބުރާލި އެވެ.

“ނޫން! ހަމަ އެއްވެސް ކަމެއްނުވޭ، ރިހާމު، ވާހަކައެއް އަހަންތަ؟” މަޑުމޮޅިކަމެއް ވެރިވެފައި އޮތް ޞޮފާގެ މޫނަށް ރިހާމު ބަލަހައްޓައިގެން އޮވެ އޭނާ ވާހަކަދައްކަމުން ދިޔައިރު އެތުންފަތާއި ރިހާމުގެ އިނގިލިތަކުން ކުޅެމުންދިޔަ އެވެ.

“ކަމަކަށް ދަތިވީތަ” ރިހާމު އެހެން ބުނެލީ އާދައިގެމަތިން އޭނާ އަހާލާފަދަ ގޮތަކަށެވެ.

ޞޮފާ މަޑުމަޑުން އެނދުންތެދުވެގެން އޮޅާލާފައި އޮތް ފޮތިގަނޑާއިއެކު އެނދުކައިރީ ހުރި އޭނާގެ އެއްޗެހި ހިފައިގެން ފާޚާނާއަށް ހިނގައިގަތެވެ. މޫނުމަތިން ހީވަނީ ރިހާމު ބުނިއެއްޗަކުން ވަރަށް މާޔޫސްވެފައި ހުރިހެންނެވެ.

“އަދި މަޑުކޮށްލަބަލަ” ރިހާމު ކުއްލިއަކަށް އެނދުން ތެދުވި ޞޮފާގެ އަތުގެ ކުޑަހުޅުގައި ހިފުމާއިއެކު ބުނެލި އެވެ.

“އަހަރެން ވަރަށް ވަރުބަލިވެއްޖެ، ކުޑަކޮށް ބޮލުގަވެސް އެބަ ރިއްސާ، އެބަ އަންނަން ފާޚާނާއަށް ވަދެލާފައި” ޞޮފާ މިހެންބުނެ ރިހާމުގެ އަތް އެނާގެ އަތުން ނައްޓާލުމާއިއެކު ހިނގައިގަތީ ފާޚާނާއަށް ވަނުމަށެވެ.

“އަދިވެސް ފޯނުގަތަ” ފާޚާނާއިން ނުކުން ލަތީފަށް އެނދުމަތީ ޒުހޭރާ ފޯނުގައި އިންތަން ފެނި ބުނެލި އެވެ. އެއާއިއެކު ޒުހޭރާ ފާޑަކަށް ދެބުމަކައިރިކޮށްލުމާއިއެކު އެނދުމަތިން ތެދުވެގެން އައިސް އެކޮޓަރިން ނުކުމެއްޖެ އެވެ. ލަތީފު ދެފަރާތަށް ބޯހޫރާލާފައި އެނދަށް އަރައި އޮށޯތެވެ.

“ޖަމީލާ، އެއީ ރަނގަޅު މީހެއްތަ، ގެރެންޓީތަ އޭނާއަށް އެކަންވާނެކަން” ޒުހޭރާ ވަރަށް ސީރިއަސްވެފައި ހުރެ އަހާލި އެވެ. އަދި އޭނާ ފޯނުގައި ހުރެ ސިޓިން ރޫމު ދޮރުކައިރިއަށް އައިސް ދޮރުމަތީ ހުރި ފައިވަންތަކަށް ބަލާލާފައި ހިނިތުންވެލި އެވެ. ދެން އޭނާ ބަލާލީ ޞޮފާގެ ކޮޓަރިއަށެވެ. އަދި މަޑުމަޑުން ހިނިއައިސްފައިހުރެ ބޯޖަހާލި އެވެ.

“އެހެންތަ، ތިހެންވީރު ނިމުނީ، މާދަމާ ހަވީރު އަހަރެން ދާނަން އެގޭދޮށަށް، އީސަޔާ ދިމާކުރާނަން، މިހާރު ރުފިޔާއަކީ އެއްވެސް އެއްޗެއްނޫން” ޒުހޭރާ ފަހުޖުމްލަ ބުނެލީ ފޮނިގޮތަކަށެވެ. އަދި ޖަމީލާ އާއި ފޯނުން ދެކެވެމުން ދިޔަ ވާހަކަ ނިންމާލި އެވެ. ފޯނަށް ބަލާލާފައި ހުރިހާދަތެއް ފެންނަވަރަށް ހިނިތުންވެލާފައި ޒުހޭރާ ފުންނޭވާއެއްލީ ލިބުނު ހަމަޖެހުމެއްގެ ބޮޑުކަމުންނެވެ. އެއާއިއެކު ހަލުވިކޮށް ހިނގާލާފައި އައިސް ކޮޓަރިއަށްވަދެ ނިދަން އޮށޯތެވެ. އޭނާއަށް އެ ގޭތެރޭގައި ހިނގަމުންދާ ކަންތައްތަކަކީ ބޮޑުކަމަކަށް ނުވެ އެވެ. އެހެންނޫންނަމަ އަންހެން ދަރިފުޅުގެ ކޮޓަރީގައި ހިލޭ ފިރިހެނަކު އުޅެނިކޮށް މައެއްގެ ލޮލަށް ނިދިއަންނާނެ ހެއްޔެވެ. ފުރަތަމަ ކަމެއްގެ ގޮތުން ހިލޭ ފިރިހެނަކަށް އަންހެންދަރިފުޅުގެ ކޮޓަރިއަށް ވަދެވިގެންވެސް ނުވާނެ ނޫންހެއްޔެވެ. ނަމަވެސް ދެރައީ ހުރިހާ ކަމެއް ހިނގަމުންދަނީ ޒުހޭރާގެ ރުހުމުގައި ކަމަށްވީކަމެވެ. އެ ޢާއިލާގައި ކަންބޮޑުވާ ހަމައެކަނި ހުރީ ބަފައެކެވެ. އެކަމަކު އޭނާއަކީ ގޭގެ ހުރިހާކަމެއް ހަމަޖައްސައިދޭ ފިރިހެނަކަށްވިޔަސް ގޭގެ އިސްމީހަކަށް ނުވެ އެވެ. އެންމެންގެ މައްޗަށް ނިންމުންތައް ނިންމާ ބަސްކިޔާ މީހަކީ ޒުހޭރާ އެވެ.

* * * *

ނިދިފިފައި އޮތް އިބާއަށް ޒުކަން ބަލާލީ ވަރަށް ފަރުވާވެ އޮވެ އެވެ. މަޑުމަޑުން ތެދުވަން ކެރުނީ އެގޮތަށް އިބާއަށް ބަލަން އޮންނަތާ އެތައް އިރެއްފަހުންނެވެ. ތެދުވެފައިވެސް އެނދުގައި އިށީނދެލައިގެން ޒުކަން ބައިގަޑިއިރެއްހާއިރު އިނެވެ. ކޮޅަށް ތެދުވެވުނީ އޭގެ ފަހުންނެވެ. މަޑުމަޑުން އައިސް ހެދުންއަޅުވާ އެތީގައި އަޅުވާފައި އޮތް ގަމީސް ގަޔަށް ހެޔޮވަރުކޮށްލުމާއިއެކު އަނެއްކާވެސް އެނދުގައި އޮތް އިބާއަށް އޭނާ ބަލާލި އެވެ. ހާސްވެފައި ހުރެ އެވެ. މިނޫނީ އޭނާ އިބާއަށް ސިއްރުން ކަމެއް ކުރާކަށް ދުވަހަކުވެސް ނުވިސްނަ އެވެ. އެހެންވެ ހިތްވަނީ ކޮންމެވެސް ވަރަކަށް ބިރުގެންފަ އެވެ. ނިތްކުރިން ހާސްކަމުގެ ދާތިކިތައް ހިލެމުންދިޔަ އެވެ. ތުނިތުނިކޮށް ހުރި ތުނބުޅީގައި އަތްހާކާލާފައި ސިއްރު ފިޔަވަޅުތަކެއް ދުރުދުރުގައި އަޅަމުން ކަހަލަ ގޮތަކަށް ކޮޓަރީގެ ދޮރު ކައިރިއަށް އައެވެ. އަދިވެސް އެއްފަހަރު އިބާއަށް ބަލާލާފައި މަޑުމަޑުން ވަގަކު ވައްކަންކުރަން އުޅޭހެން ދޮރުހުޅުވާލި އެވެ.

ޒުކަންއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ގޭގެ މައިދޮރޯށިން ނުކުމެވުމުންނެވެ. ފުންނޭވާއެއް ހަށިފުރާލާފައި ޖިންސުގެ ދެޖީބަށް އަތްޖަހާލަމުން މަގުމައްޗަށް ވަށައިގެން ނަޒަރު ހިންގާލި އެވެ. މަތީގައިވާ އުޑަށް ބަލާލި އެވެ. ސާފު ހުދު ވިލާތަކުގެ ތެރޭ ފީކޮއި ކުޅެމުން ދިޔަ ހަނދު ޒުކަންގެ ސަމާލުކަން ހޯދިއެވެ. ތުންފަތަށްވެރިވި ލާނެތް ހިނިތުންވުމާއިއެކު ޚިޔާލުތައް މާޒީގެ ތެރެއަށް ދަތުރުފެށި އެވެ. ލުއި ހީނލުމަކާއިއެކު އިސް ތިރިކޮށްލަމުން ޒުކަން ހިނގައިގަތެވެ. ހިނގަމުންދިޔައީ ދާންވީ މިސްރާބު ރަނގަޅަށް ދެނެހުރެ އެވެ.

ހިނގަމުން އައިސް ހިޔާޕާކުގެ ދޮރުމައްޗަށް މަޑުކޮށްލެވުނު ޒުކަންގެ ހިތްވަނީ އަވަސްވެފަ އެވެ. ހިނގަމުން ހިނގަމުން އައިސް އެތެރެއަށް ވަނުމުގެބަދަލުގައި މަޑުޖެހިލެވުނީ އެހެންވެ އެވެ. މަގުގެ ދެފަރާތަށް ބަލާލުމާއިއެކު ދުނިޔެމައްޗަށް އަލިކުރަމުން ދިޔަ ނަލަނަލަ ހަނދަށް ޒުކަން ބަލާލިއެވެ. އަދި ހިތާ ހިތާ އޭނާގެ ހިތުގެ މުރާދު ފުރިހަމަވުމަށް އެދެވުނެވެ. ދެދަތްފިލާ ޖައްސާބާރުކޮށްލުމާއިއެކު ދެލޯމަރާލަމުން ޒުކަންގެ ދެއަތްވެސް މުއްކަވާލިއެވެ. އަދި ހުރި ފިޔަވަޅުމަތިން ކުރިއަށް ފިޔަވަޅު އަޅާލުމާއިއެކު ފުންނޭވާއެއްލިއެވެ. އަބަދުމެ ހުޅުވާފައި ހުންނަ ޕާކުގެ ގޭޓޫ މިރޭ ހުރީ ދެފަރާތުން ގެނެސް ކައިރިކޮށްލާފައެވެ. ލޯހުޅުވާލުމާއިއެކު ޒުކަން ދެއަތް ފުޅާކޮށްލުމާއިއެކު ގޭޓުގައި އަތްއަޅައި ކުރިއަށް ކޮށްޕާލި އެވެ. އެއާއިއެކު ޕާކުގެ ދަގަނޑު ގޭޓޫ އަޑެއްކިއުމާއިއެކު ދެފަރާތަށް ވާގޮތަށް ހުޅުވިގެން ދިޔަ އެވެ. ކުރިއަށް ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން ދިޔަ ޒުކަންއަށް އޭނާގެ އަމިއްލަ ޚިޔާލުގެތެރެއަށް ވަދެވުނު ކަހަލައެވެ. ކުރިމަތިން ސިފަވަމުން ދިޔައީ ބޯކޮށް ވެހެންފެށި ވާރޭއެވެ. ބޭއިޙްތިޔާރުގައި ދެލޯ މަރާލި ޒުކަންގެ ދެއަތް އުފުލާލެވުމާއިއެކު މޫނުވެސް މައްޗަށް އުފުލާލެވުނީ އެރޭގެ ފިނިކަން އިޙްސާސްވިހެން ހީވެގެންނެވެ. ނަމަވެސް ލޯހުޅުވާލެވުމާއިއެކު ހަނދުގެ ރިހިއަލީގައި ގަސްތަކުގެ ފަތްތައް ނަށަމުން ދާތަން އޭނާއަށް ފެނުނެވެ. ދެންވެސް ފިރިހެންވަންތަކަމުން ފުރިގެންވި ގޮތަކަށް ހީނލެވުނީ އެވެ. އިސްތަށިގަނޑުގައި އެއްއަތުން ފުނާ އަޅާލުމާއިއެކު ކުރިއަށް ހިނގަމުން ދިޔަ ޒުކަން ހުއްޓުނެވެ. އަދި ކައިރީގައި ހުރި ހިލަގޮނޑިއަށް ބަލާލުމަށްފަހު އެގޮނޑީގައި ގުދުވެލާފައި އަތްހާކާލި އެވެ. އެއާއިއެކު މަޑުމަޑުން ތިރިވެ އެގޮނޑީގައި ޒުކަން އިށީނެވެ. އަދި ވަށައިގެން ހޯދާލުމަށްފަހު ދެކަކުލުގައި އަތްއަޅުވާލުމާއިއެކު ދިމާ ކުރިމަތިން ކަހަލަ ގޮތަކަށް ފެންނަމުން ދިޔަ ބޮޑުގަހާއި ދިމާލަށް ޒުކަން ބަލަންފެށި އެވެ. މުޅި ޕާކުވަނީ ހަނދުވަރުގެ އަލިން ހުޅުދާންވެފަ އެވެ. ގަސްދޮށުގައި ދިރޭ އެއްވެސް އެއްޗެއްގެ ހިލަމެއްނުވެ އެވެ. ޒުކަންއަށް އޭނާގެ އަތުކުރީގައި އޮތް ގަޑިއަށް ބަލާލެވުނެވެ. އޭރު ދޭއްޖަހަނީ އެވެ. އެގޮތަށް އޭނާ އިންތިޒާރު ކުރުމުގައި ތިންގަޑިއިރު، ހަމަ އެ ހިލަގޮނޑިމަތީގައި ހޭދަކުރި އެވެ. އެއްގޮތަށް އިނދެ އިނދެ ވަރުބަލިވުމުން އެހެން ގޮތަކަށް އެނބުރިލަނީއެވެ. މިފަދަގޮތަކަށް އުޅުމަށްފަހު ފަތިހު ހަތަރެއް ޖެހުމުން ޒުކަންގެ ކަނދުރާވެސް އިނދެ އިނދެ ވާޅުވާ ގޮތްވެއްޖެއެވެ. މާޔޫސްވެ ކަރުއެލުވާލުމާއިއެކު އޭނާ ތެދުވި އެވެ. ނަމަވެސް އޭނާގެ ޟަމީރަށް އޭނާ ވިސްނައިދޭން ބޭނުންވީ އޭނާގެ ހިތް މިރޭގެ ކަންތައްތައް ޤަބޫލުކުރަން ބޭނުންވިގޮތަށެވެ.

“މިކަހަލަ ހަނދަވަރު ދިން ރެއެއް ނޫން އެއީ، ބޯކަޅުވިލާތަކުން އުނދަރެސް ބައްދާލާފައި އޮތް ރެއެއް އެއީ، ވާރޭގޭ ތެރޭން އަހަންނާ އޭނާ ދިމާވީ، އަހަންނަށް ޔަގީން ވާރޭވެހޭ ރެއަކުންކަން ދެން އޭނާ އާއި ދިމާވާނީ، އާން! އަހަރެން އަންނާނަން، ކޮންމެ ވާރޭ ވެހޭ ރެއަކު މިތަނަށް އަންނާނަން” ޒުކަން ތެދުވެފައި ވަކިވުމުގެ ކުރިން އަދި އެއްފަހަރު އެބޮޑުގަހާއި ދިމާލަށް ބަލާލަމުން ހިތާ ހިތާ ބުނެލި އެވެ.

ޒުކަން ގެއަށް އައިސް ވަނީ މާޔޫސްވުމަށްވުރެ ބޮޑަށް އާހިތްވަރަކާއިއެކު އެވެ. ސޯފާގައި އެތަށް އިރަކު ފިކުރުކުރަން އޮތް ޒުކަންނަށް ކޮޓަރިއަށް ވަނުމުގެ ބަދަލުގައި ސޯފާގައި އޮއްވައި ނިދުނީއެވެ. އޭނާއަށް ހިލަމެއްވީ ތަހުމީނާ އައިސް ގޮވުމުންނެވެ.

* * * *

“އަހަންނަށް ނިދުނު އިރެއްވެސް ނޭނގޭ، ކިހާ އިރަކު ރިހާމު އައީ” ތައްޔާރުވާން ރީތިވާ މޭޒުކައިރީ އިން ޝޫޒާ، ފާޚާނާއިން ފެންވަރާލައިގެން ނުކުން ރިހާމުގެ ގާތުގައި އަހާލި އެވެ.

“އަހަރެން އައިރު ޝޫޒާ އޮތީ ނިދާފަ، ތިހެން އުޅެއުޅެ ވަރުބަލިވެގެން ނިދޭތަނާ ގޮވާކަށް ނުވާނެ އެންނު، އަހަރެން ލަސްވީ މާބޮޑަށް ބިޒީވީމަ، އޭރު އައިސްފައި އަހަރެންވެސް ގަޑި ބަލާލަން ހަނދާނެއްނެތް، އަވަހަށް އެނދުފެނުމުން ޖައްސާލެވުނީ” ރިހާމު އަތުން އިސްތަށިގަނޑު ފޮޅާލަމުން ބުންޏެވެ. ދޮގު ބުނުމަކީ ރިހާމަށް ބޯލާ ފެންފޮދެއް ފަދަ އެވެ.

“އަހަރެން އޮފީހަށް ގެންގޮސްދޭނަންތަ” ޝޫޒާ މިހެން އަހާލުމާއިއެކު އެއްއަތުގައި ރަންތަނޑިގަނޑެއްފަދަ ގަޑިއެއް އަޅާލާފައި އަނެއްއަތަށް ފުޅާތަނޑިއެއް ހެޔޮވަރުކޮށްލިއެވެ. އަދި ލޯގަނޑުން އޭނާ ހުރިގޮތް އަދިވެސް އެއްފަހަރު ބަލާލި އެވެ.

“ޝޫޒާ ލައިސަންސް ނެގީ އަހަރެން ހީކުރީ އެކަނި ކާރުގައި އުޅެން ކަމަށް، އެކަމަކު އެއީ ރީއްޗަކަށް ނެގި އެއްޗެއްދޯ” ރިހާމު، ޝޫޒާއަށް އޭނާގެ ލައިސަންސް މަތިން ހަނދާންކޮށްލަ ދިނެވެ.

“އޮފީހަށް ދާގަޑި އާއި ނިމޭގަޑީގަޑީގައި އަހަރެން ބޭނުންވަނީ ރިހާމާއިއެކު ދާން” ޝޫޒާ ތުންކޮޅު ހަދާލަމުން ރިހާމާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.

“ހިނގާ ސައިބޯން ދާން، އޭރުން ދެންވެސް އަވަހަށް ދެވޭނީ” ރިހާމު އިތުރަށް އެއްޗެއް ބުނަން ބޭނުންނުވީ ޝޫޒާ އާއި ދެބަސްވާންޖެހިދާނެތީ އެވެ. އޭނާ އުޅޭގޮތާއިމެދު ޝޫޒާ އެއްޗެއް ބުނާކަށް އެއްގޮތަކަށްވެސް ރިހާމު ބޭނުމެއްނުވެ އެވެ.

ޝޫޒާ އޮފީހަށް ލާފައި ރިހާމު އޮފީހަށް އައިއިރު ޞޮފާއެއްނެތެވެ. އެހެންޏާ އޭނާ އަންނަންވާއިރަށް ޞޮފާ އިންނާނީ އައިހެވެ. ފެންނަ އިރަށް ހެނދުނުގެ ސަލާމްކުރުމާއިއެކު ކޮފީ ގެނަންވީތޯ އަހާލާނެ އެވެ. ފޫހި ފިލުވާލާނޭ ވަގުތުކޮޅެއް ހެނދުނުގެ ކޮފީތައްޓާއިއެކު ރިހާމުގެ ކެބިންތެރޭގައި އޮންނާނެ އެވެ. ވަށައިގެން އޮފީސްތެރެ ބަލާލުމާއިއެކު ރިހާމު އައިސް އޭނާގެ ކެބިންނަށް ވަނެވެ. އޭރު އޮފީހުގައި ދެން އުޅޭ މުވައްޒަފުންތައް އައިސް އެމީހެއްގެ މޭޒުގެ ދޮށުގައި އިށީންނަމުން ދިޔަ އެވެ.

ނުވައެއް ޖަހާލާ ދިޔައިރު ވެސް ޞޮފާ އައިސް ރިހާމުގެ ކެބިންނަކަށް ނުވަނެވެ. ކުރިމަތީ ހުރި ލެޕްޓޮޕުން ގަޑި ބަލާލުމާއިއެކު ރިހާމު، ޞޮފާގެ އެކްސްޓެންޝަނަށް ގުޅަންފެށި އެވެ. ފުރަތަމަ ފަހަރު ރިންގުވެފައި ކެނޑުނީ އެވެ. ދެވަނަ ފަހަރަށް ރިންގުވަމުން ދިޔަ ފޯނު ކެނޑެން އުޅެނިކޮށް ޞޮފާގެ ފޯނު ނަގާ އެއަށް ޖަވާބުދިނެވެ.

“ޞޮފާ، މިކޮޅަށް ޖައްސާލަދީބަލަ…” ޞޮފާ އޭނާގެ ފޯނު ނެގުމާއިއެކު ރިހާމު ބުނެލި އެވެ.

“މީ ޞޮފާއެއްނޫން، މާޝާ… މިއަދު ޞޮފާ ނާދޭ އޮފީހަކަށް، ސަލާމް ނޯޓުކޮށްފައި އޮތީ” މާޝާ މަޑުމައިތިރި ރާގެއްގައި ބުނެލި އެވެ.

“އެންމެ ރަނގަޅު” ރިހާމު މިހެންބުނެ ފޯނުގެ އަތްގަނޑު ބާއްވާލުމާއިއެކު އަވަސް އަވަހަށް މޯބައިލް ފޯނު ނަގާ ޞޮފާގެ ނަންބަރަށް ގުޅާލި އެވެ. އޭނާއަށް ޞޮފާއަށް މިހާބޮޑު ސަމާލުކަމެއް ދެވެން ފެށީ ކޮންއިރަކުކަމެއް ޚުދު އޭނާއަށް ބުނަންވެސް ނޭނގެ އެވެ. ޞޮފާ އޮފީހުގައި ފެންނަން ނެތިއްޔާ އޭނާގެ ހަށިގަނޑުވެސް އެއްބައި މަދުވާހެން ހީވަނީ އެވެ. ދޭތެރެއަކުން ޞޮފާ އާއި ސަމާސާއެއްކޮށްލުމުން ރިހާމުގެ ހިތްހަމަޖެހެ އެވެ. ސިއްރުން ކެބިންނަށް ގެނެސް ގޯނާއެއްކޮށްލުން ރިހާމުގެ އާދައަކަށްވަނީ ވެފަ އެވެ. އަމިއްލަ ގޭގައި އަންބިމީހާ ގާތު ހޭދަކުރާ ވަގުތަށްވުރެ ޞޮފާމެންގޭގައި އޭނާ ހޭދަކުރާ ވަގުތު ގިނަވެފައި ހިތްހަމަޖެހެ އެވެ.

“ޞޮފާ… ފޯނު ނަގާބަލަ…” ޞޮފާގެ ފޯނަށް ދެތިން ފަހަރަށް ގުޅާލުމާއިއެކު ރިހާމަށް ބުނެވުނެވެ. އޭނާއަށް އިތުރަށް ކެތެއް ނުކުރެވުނެވެ. ހަލުވިކަމާއިއެކު އޮފީހުން ނުކުންނަން ދަނިކޮށް ސީނިއަރ އެޗް.އަރ މެނޭޖަރ ގޮވާލާފައި މިއަދުގެ މީޓިން މަތިން ހަނދާންކޮށްލަ ދިނެވެ. ރިހާމަށް ހީވީ ކުއްލިއަކަށް އޭނާގެ މޫނުމަތީގައި މީހަކު އެތިފަހަރެއް ޖެހިހެންނެވެ. ދަތްޕިލަޖައްސާ ބާރުކޮށްލުމާއިއެކު ގަދަކަމުން މެނޭޖަރަށް ހިނިތުންވެލާފައި އޮފީހުގެ ދޮރުހުޅުވާލަން ހިފާލި އެވެ. އެކަމަކު އޭނާއަށް ކުރިއަށް ފިޔަވަޅެއް ނޭޅުނެވެ. މީޓިންގެ މުހިންމުކަންވެސް އެނގޭތީ އެވެ. އަނެއްކޮޅުން އައިރުޅީގައި އެޗް.އަރ މެނޭޖަރ ވަޒީފާއިން ވަކިކޮށްލާފައި ފޮނުވާލަންވެސް ހިތަށްއެރި އެވެ. އެހެންނަމަވެސް އެގޮތަށް ކަންތައްކުރުމުން ނުކުންނާނޭ ނަތީޖާ އާއިމެދު ރިހާމު ވިސްނާލާފައި އެނބުރި އޭނާގެ ކެބިންނަށް ވަނުމަށް ހިނގައިގަތެވެ. ރިހާމުގެ ޝެޑިއުލްގައި މިއަދަކީ ބުރަދުވަހެކެވެ. ހަވީރު ހަތަރެއްޖަހަންވާއިރަށް ސަލާމަތްވާނީ ހަމަ ކިރިޔާ އެވެ.

މެންދުރު ލިބުނު މަދުވަގުތުކޮޅުގެ ތެރޭގައި ރިހާމު، ޞޮފާގެ ޚަބަރު ބެލުމަށް އެގެއަށް ދިޔަ އެވެ. އެކަމަކު ނަސީބު ވަރަށް ދެރަ އެވެ. އެވަގުތު ޞޮފާވީ، ޒުހޭރާ އާއިއެކު ބޭރަށް ގޮސްފައިކަމަށް ޞޮފާގެ އަންހެންކޮއްކޮ ބުންޏެވެ. އަންނާނެ އިރެއްނޭނގުނުތަނުގައި އެމީހުން ދިޔައީ ކޮންތާކަށްކަމެއްވެސް ރިހާމަށް ނޭނގުނެވެ. ފޫހިވެފައި ހުރެ އޭނާ ކާރަށް އަރައިގެން ދުއްވާލީ އަނެއްކާވެސް އެނބުރި އޮފީހަށް ދިއުމަށެވެ.

ހަވީރުގެ ވަގުތެވެ. އަވަސް އަރުވާލާފައި އުޅުނު ޒުހޭރާ އޭނާގެ އަތްދަބަހުގެ ތެރެއަށް ފޯނު ލުމާއިއެކު ހަލުވިކޮށް ގެއިން ނުކުންނަން ދިޔައެވެ. އެވުގުތު ސިޓިން ރޫމުގައި އިން ޞޮފާ އޭނާގެ މަންމައަށް ގޮވާލި އެވެ.

“މަންމާ، ދެންމެއެންނު މިއައީ ބައިވަރު އެއްޗެހި ގަނެގެން، ފައިސާ ލިބުނަސް ޚަރަދުކުރަންވާނީ ތަންކޮޅެއް ބަލާލައިގެން ކަންނޭނގެ” ޞޮފާއަށް ހީވީ އަނެއްކާވެސް ޒުހޭރާ ވިޔަފާރިކުރަން ނުކުންނަނީ ކަމަށެވެ.

“މިދަނީ ރައްޓެއްސެއް ގާތަށް، އަންނާނަން ވަރަށް އަވަހަށް، ރިހާމު އައިސްފިއްޔާ އޭނާއަށް ސައި ހަދައިދޭތި، ސާތު ބުންޏެންނު ރިހާމު އައި ވާހަކަ، އަހަންނަށް ޔަޤީން އޭނާ އޮފީސް ނިމޭގޮތަށް އަންނާނީ މިގެއަށްކަން، ދެންވެސް ތިކުނި މޫނު ހަދައިގެން ނީނދެ ދޭބަލަ ފެންވަރާލާ ރީތިވެލައިގެން ނުކުމެ އިންނަން” ޒުހޭރާ މިހެންބުނެ ނުކުމެގެން ހިނގައްޖެ އެވެ.

“ރިހާމު އަހަރެންދެކެ ލޯބިނުވާކަން އަހަންނަށް އެނގޭ، އަހަރެން ކިތަންމެ ލޯބިވިޔަސް ކިހިނެއް ރިހާމު އަހަރެންގެ މީހަކަށް ހަދާނީ، އަހަރެންވެސް ބޭނުން… ވަރަށް ބޭނުން، ރިހާމުގެ މީހެއްގެ ގޮތުގައި ހުންނަން، އަންބެއްގެ މަގާމުގައި ހުންނަން، އަނބިގަބޫލުކުރިކަމުގެ ލަފުޒަކީ އަހަންނަށް މިދުނިޔެއިން ލިބޭނޭ އެންމެ އަގުބޮޑު ހަދިޔާ، އެކަމަކު ޝޫޒާ، ރިހާމުގެ ދިރިއުޅުމުގައި ހުރިހާ ދުވަހަކު އެމަޤާމަކަށް އަހަންނަކަށް ނުދެވޭނެ، އަންބަކުދޭ ހުރިހާ ހިދުމަތެއް އަހަރެން ދޭންޖެހޭނީ ހިލޭ އަންހެނެއްގެ ގޮތުގައި ހުރެގެން، އަބަދު މިހެން އުޅޭކަށް އަހަރެންވެސް ބޭނުމެއްނޫން… ހިތަށް އަރާ މިނޫންދުވަހެއް އަހަންނަށް ފެންނާނެނަމައޭ، ރިހާމު އަހަރެންދެކެ ލޯބިވެޔޭ ބުނާނެނަމައޭ” ޞޮފާގެ ލޮލުން ވެއްޓޭން އައި ކަރުނަތިކި އަވަސް އަވަހަށް އިނގިލި ކޮޅުން ފޮހެލުމާއިއެކު އޭނާ އިންތަނުން ތެދުވެގެން ހިނގައިގަތީ ކޮޓަރި އާއި ދިމާލަށެވެ.

* * * *

ފްލައިވުޑުން ބިތްޖަހާ ކުދި ކުދި ގޮޅިގޮޅިހެން ހަދާފައި ހުރި ކޮޓަރިތަކުގެ ތެރެއިން އެންމެ އެތެރޭގައި ހުރި ކޮޓަރިއަށް ޅަވަރެއްގެ ސޮރެއް އައިސް ޒުހޭރާ ވެއްދި އެވެ.

“އާދޭ އެތެރެއަށް، އިށީނދޭ” ޒުހޭރާ ދޮރުހުޅުވާލުމާއިއެކު އެނދުގައި އިން އީސަ ބުނެލި އެވެ.

“އަޅުގަނޑު މިއައީ ވަރަށް ބޮޑު ކަމަކު” ޒުހޭރާގެ ފޫ ގޮނޑީގައި ޖެހުމާއިއެކު އަވަސް އަވަހަށް ބުނެލި އެވެ.

“އީސަ ގާތަށް ކުދިކުދި ކަންތައްތަކަކު މީހުނެއް ނާންނާނެ، ބުނެބަލަ ތިއައިކަމެއް” އީސަ ކައިރީގައި ހުރި މޭޒުމަތިން ފެންފުޅިއެއް ނަގާ އަނގަޔަށް އަޅާލުމާއިއެކު ކަރުތެރެ ތެތްމާލާފައި ބުނެލި އެވެ.

“އަޅުގަނޑުގެ ދަރިފުޅު މީހަކާއި އިނދެވޭނޭ ގޮތެއް ހަދަންވެގެން، ރަނގަޅު ފިރިހެންކުއްޖަކު އެބަހުރި، ދެމީހުން ވަރަށް ގުޅޭ، އެކަމަކު ކައިވެންޏާއި ހަމައަށް ނުގޮސްގެން، އެކަން އަވަސްކުރަންވެގެން” ޒުހޭރާ ވަރަށް ރާގުލާފައި ބުނެލި އެވެ.

“ހޫމް! ތިއީ އެއްވެސް ކަމެއްނޫން، އިންނަގޮތަށް ދޫނުކުރާވަރުވެސް ކޮށްލަދީފާނަން” އީސަ ފޮނިކޮށް ބުނެލި އެވެ.

“އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި އީސައަކީ ވަރަށް މޮޅު މުޖައްރިބުކަންތައް ކުރާމީހެއް، އެހެންވެ ކޮންމެ އަގެއްގައިވިޔަސް މިކަން ކުރަން އީސަ ގާތަށް މިއާދެވުނީ” ޒުހޭރާ ބޭނުންވީ އީސަގެ ރުހުން ލިބިގަންނާށެވެ. އެހެންވެ އީސައަށް ފައިސާ އާއިމެދު ހާސްނުވާށޭ ނުސީދާކޮށް ބުނެލަން ބޭނުންވީ އެވެ.

“ކައިވެނި ކުރަން ބޭނުންވާ ދެމީހުންގެ ފުރިހަމަ ނަން ބޭނުންވާނެ، އަދި ދެމީހުންގެވެސް މަންމަ އާއި ބައްޕަގެ ނަން ބޭނުންވާނެ” އީސަ މިހެން ބުނުމުން ޒުހޭރާ ހުރިހާ ވަނަވަރެއް ކިޔައިދީފި އެވެ. ކުރީބައިގައި ރިހާމުގެ ކައިރިން އޭނާގެ ޢާއިލާ އާއި ބެހޭ ވާހަކަތައް އޮޅުން ފިލުވުނީތީ މިއަދު އެކަމުގެ ފައިދާ ޒުހޭރާއަށް ކޮށްފި އެވެ. އީސަ، ޒުހޭރާ ބޭރަށް ނެރިލާފައި އިރުކޮޅެއް ފަހުން އަނެއްކާވެސް ގެނެސް އެކޮޓަރިގަނޑަށް ވައްދައިފި އެވެ.

“މިފެންފުޅި ތިންދުވަސްމަތިން ދީ ހުސްކުރޭ، ދޭނީ ފިރިހެންކުއްޖާއަށް، އެންމެ ރަނގަޅީ ދަންވަރު ތިނެއްޖަހާއިރަށް ދެވުނިއްޔާ، އެކަމަކު އެއީ ފަސޭހަކަމެއްނޫންކަން އަހަންނަށްވެސް އެނގޭ، އެހެންވީމަ ރަނގަޅުވާނެ ދެނަމާދު ދޭތެރޭ ދިނަސް، ދެން ބޭނުމިއްޔާ ފޮނިކާއެއްޗަކަށް އަޅާފައި ވިޔަސް ދެވިދާނެ، ރަނގަޅީ އަންހެން ކުއްޖާގެ އަތުން ފިރިހެންކުއްޖާއަށް ދިނިއްޔާ، މިކިޔައިދިން ގޮތަށް ކަންތައްކޮށްފިއްޔާ، މުޖައްރިބު، ބަރާބަރު 7 ދުވަސްތެރޭ އިންނަން އަހާނެ” އީސަ ކުޑަފެންފުޅިއެއް ޒުހޭރާއަށް ދީފައި ބުންޏެވެ.

ފެންފުޅި ހިފައިގެން ޒުހޭރާ އައިސް ގެއަށް ވަންއިރު ހަގުދަރިފުޅު ސިޓިން ރޫމު ސޯފާގައި ދެފައިވަށްކޮށްލައިގެން އުނގުގުގައި ތެއްލި ބަނބުކެޔޮ ތައްޓެއް ބަހައްޓައިގެން ޓީވީ ބަލަން އިނެވެ. ނަމަވެސް ޒުހޭރާގެ ލޯ ހޯދާލީ ޞޮފާއެވެ. ރިހާމުގެ ބޫޓު ސިޓިން ރޫމު ދޮރުމަތީ ހުރުމުންނެވެ.

“ރިހާމްބެ އެބަ އުޅޭ ދޯ، އެމީހުން ސައިބޮނީތަ” ޒުހޭރާ ޔަޤީންކޮށްލުމުގެ ގޮތުން ހަގުދަރިފުޅު ގާތު އަހާލިއެވެ.

“ހިޔެއްނުވޭ، ރިހާމްބެ ހުރީ ޞޮފާއްތަ ދެކެ ރުޅިއައިސްފައި، ވެއްޖެ ކޮޓަރީގައި” ހުރިހާ ސަމާލުކަމެއް ޓީވީއަށް ހުއްޓާލައިގެން އިން ސާދުނާ ފަރުވާކުޑަގޮތަކަށް ބުނެލިއެވެ.

ޒުހޭރާ އިތުރަށް އެއްޗެއް ނުބުނެ އެތެރެއަށް ހިނގައިގަތެވެ. ބަދިގެ ފަރާތަށް ދިއުމުގެ ކުރިން އޭނާ ޞޮފާގެ ކޮޓަރި ކައިރިއަށް ޖެހިލަމުން ދޮރުފަތާއި ކަންފަތް ކައިރިކޮށްލިއެވެ. ބޭނުންވީ ސާދުނާ ބުނިއެއްޗެއް ޔަޤީންކޮށްލާށެވެ. ޒުހޭރާގެ މޫނުމަތިން ހައިރާންކަން ވެރިވެގެން ދިޔައީ ކޮޓަރި ތެރެއިން ޞޮފާގެ ރުއިމުގެ އަޑުއިވުމުންނެވެ. ރިހާމު ވާހަކަދައްކާ އަޑެއް ނީވެއެވެ. ކޮންމެވެސް ވަރަކަށް ހާސްކަންލިބުނު ޒުހޭރާ ޞޮފާގެ ކޮޓަރީގެ ތަޅުގައި ހިފާލިއެވެ. ދޮރުހުރީ ތަޅުލާފައެވެ.

“ދަރިފުޅާ، ރިހާމަށް ސައިދީފަ ފޮނުވާލައްޗޭ” ޒުހޭރާ މިހެން ބުނެލުމަށްފަހު ދޮރާ ދިމާލަށް ބަލާލިއެވެ. އެއްވެސް ހިލަމެއް ނުވުމުން އޭނާ ބަދިގެ ފަރާތަށް ހިނގައިގަތެވެ.

“މަންމައަށް އަޑުއިއްވަންތަ ތިރޮނީ” ޒުހޭރާ ދާހާއިރުކޮށްލާފައި އެނދުމަތީ އިން ރިހާމު، ޞޮފާއަށް ބުނެލިއެވެ.

“ހަމަ އެންމެ ފަހަރަކު އަހަރެން މިބުނާ އެއްޗަކާއިމެދު ވިސްނާލަބަލަ، އަހަރެން ރިހާމުދެކެ ލޯބިވާތީއޭ މިހެން މިއުޅެނީ، އެކަން ރިހާމަށް ނޭނގެނީތަ، ރިހާމު މިގެއަށް އަންނަކަން ނޭނގޭ ބަޔަކު މިހިސާބުގަވެސް ނޫޅޭ، މީހުން ފާޑުފާޑުގެ ވާހަކަދައްކާކަން ރިހާމަށް ނޭނގޭތަ، އަހަރެންވެސް ލަދުގަނެޔޭ، އެކަމަކު ފެންނަކަންތައް ނުފެންނަ ކަމަށް ހަދައިގެން އިވޭއަޑުތައް ނީވޭ ކަމަށް ހަދައިގެން އަހަރެން މިހުންނަނީ، އަހަންނަށް ދެރަގޮތެއް ރިހާމު ނުހަދާނެޔޭ ހިތަށް އަރުވާލައިގެން، ހަޤީޤަތުގަ މިއަށްވުރެ ބޮޑު ދެރައެއް އަހަންނަށް ނުލިބޭނެކަންނޭނގެ، ރިހާމު ދުވަހަކުވެސް އަހަންނާ ކައިވެނިކުރާކަށް ބޭނުމެއްނުވާނެކަން އެނގޭ، ރިހާމު، އަހަންނަށް ވަރިހަމަ ރިހާމުގެ ކިތަންމެ ބައިވަރު އަނބިންނެއް ތިއްބަސް، އެކަމާ އަހަރެން ޝަކުވާއެއް ނުކުރާނަން، އަހަރެން، އަހަރެންގެ ގޭގައި އިނދެފާނަން، ބޭނުންވަނީ އަހަންނަށް ރިހާމުގެ ފަރާތުން އަންބެއްގެ މަޤާމު ލިބުން، ހިތުގައި އެއްވެސް ބުރަކަމެއްނެތި ހަލާލު އަނބިމީހާގެ ގޮތުގައި އިނދެ އަހަރެން ހުރިހާ ކަމެއް ރިހާމަށް ކޮށްދޭނަން” ޞޮފާ، ރިހާމުގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ ރޮމުން ވާހަކަދެއްކިއެވެ. ރިހާމު އެއްޗެއް ބުނަން އުޅެފަވެސް ބުނާނެ އެއްޗެއް ނޭނގުނެވެ. ޞޮފާ މިނޫނީ ދެރަވެގެން ރޮއިފައި އޭނާގެ ގާތުގައި ކަމަކަށް އެދިފައެއްނުވެއެވެ. އަނެއްކޮޅުން އޭނާއަށް ޞޮފާ އެ އެދޭ ކަންތައްކޮށްދެވޭކަށް ވެސް ނެތެވެ. ޝޫޒާ ދުވަހަކުވެސް އޭނާ އެހެން މީހަކާ އިންނާކަށް ޤަބޫލެއްނުވާނެއެވެ. ރިހާމު ވެސް ޝޫޒާ ގާތު އޭނާ ނޫން އިތުރު އަންހެނަކު އަންބެއްގެ މަގާމަށް ނުގެންނާނަންކަމަށްވަނީ ވައުދުވެފައެވެ. ރިހާމުގެ ހިތަށް އަސަރުތަކެއް ކުރިކަން ގައިމެވެ. އޭނާ ޞޮފާ ގެނެސް މޭގައި ބޮނޑިކޮށްލަމުން ދެން ނުރޯށޭ ބުންޏެވެ.

“ޞޮފާ، ތިހާ ބޮޑަށް ކަންތައްތަކާމެދު ނުވިސްނަބަލަ، މީހުން ފާޑުނުކިޔާނޭ ގޮތަކަށް ނޫޅެވޭނެ، އަހަރެން ޞޮފާ އާއިމެދު ކެއަރ ކުރާތީތާ އޮފީސް ނިމުނުގޮތަށް ޞޮފާ ގާތަށް މިއައީ، އެހެންނޫންނަމަ ގޮސް ގޭގައި އޮންނަންވީނު، އަހަރެންވެސް ވިސްނަމޭ ޞޮފާ އާއިމެދު، އަހަރެން ވަރަށް މިސްވި މިއަދު ޞޮފާ އޮފީހުގައި ނެތީމަ، ވަރަށް ހާސްވި ކަމެއްވީއޭ ހިތަށް އަރާފަ، ވަރަށް ގުޅިން، އެތައް ފަހަރަކު މިގެއަށް އަންނަންވެސް މަސައްކަތްކުރިން، އެކަމަކު އެނގެއެންނު މިއަދު މީ އެންމެ ބިޒީ ދުވަސްކަން… ޕްލީޒް، ދެން ހުއްޓާލާ، އެހެންނޫނީ މަންމައަށް އެނގިއްޖެއްޔާ އިތުރަށް ކަންތައްތައް ގޯސްވާނީ، އަހަރެން ޞޮފާ އާއި ދުރަށް ދާކަށް ނުވިސްނަމޭ، އެހެންވީމަ ޞޮފާވެސް މިވަގުތު އިހަށް ތިޚީޔާލުތަކާއި ދުރުވޭ” ރިހާމު ލޯތްބާއިއެކު ޞޮފާގެ ކޯތާފަތް ފޮހެލަ ދެމުން ބުންޏެވެ.

* * * *

ރޮއެ ރޮއެ ހިނދެން ގާތްވެފައި އިން އިޝްވާ އުރާލައިގެން ޝާކިރާ ދެކޮޅަށް ހިނގަމުން ދިޔައެވެ. ޖިޔާ އާއި ގޭގައި ދެންތިބި ކުދިންވެސް ކަންބޮޑުވެފައި ޝާކިރާގެ ގާތުގައި އެނބުރެމުން ދިޔައެވެ.

“އަވަހަށް ހުއްޓާލާ، މާމަ ދޫނިއަށް ރޮވިއްޖެޔޭ ދޯ، އައްދޮވީއޭ… އަވަހަށް ހުއްޓާލާ…” ޝާކިރާ މޭގައި މާމަ ދަރިފުޅު ބޮނޑިކުރަމުން ވާހަކަދައްކަމުން ދިޔައެވެ. އޭރު މަޑުމަޑުން ރުއިން ހުއްޓާލަމުން ދިޔަ އިޝްވާއަށް ގިސްލެވިއްޖެއެވެ. ދަރިފުޅަށް ބަލަންހުރި ޖިޔާގެ ލޮލުން ކަރުނަ ފާއްދާލަފައި ހުއްޓެވެ.

“ބައިންދާފައި ނުވާނެ މިނެޓެއްވެސް، މަންމާ، އިޝްވާގެ ނިތްކުރިމަތި ބަލާލަބަލަ، އަދި އައިސް އަޅާތަ” ހާސްވެ ކަންބޮޑުވެފައި ހުރި ޖިޔާ ބުނެލިއެވެ.

“މިހާރު ރަނގަޅުވާނެ، ނަސީބެންނު ފަޅައިގެން ނުދިޔަކަން، ދެން ނުވާނެ ބޮޑުއެނދުމަތީ އިޝްވާ ބައިންދައިގެން” ޝާކިރާ ބުނެލިއެވެ.

“އެވަރުކަމެއްނޫނޭ އެއީ، ކުދިން ބޮޑެތިވާނީ ވެއްޓިގެން، ދެން ހުރިހާ އެންމެން އޯކޭވެބަލަ، ކޮބާތަ ޖިޔާއަށް ދިން ހެދުން، ދޭބަލަ އެލައިގެން އަންނަން، އޭރުން އެނގޭނީ އަދި ޖަހަން ޖެހުނަސް” ޒީޝާ އައިސް ޖިޔާ އަތުގައި އޮތް އައިސްޕެކާއި ތުވާލިކޮޅު އަތުލަމުން ބުނެލިއެވެ.

ދަރިފުޅާއި ދުރަށް ދާން ބޭނުންނުވެފައި ހުރެވެސް ޖިޔާ ހިނގައިގަތީ އޭނާގެ ކޮޓަރިއަށެވެ. ކައިވެނި ކުރާރޭ ލާނޭ ހެދުން ފަހައިގެން ޒީޝާ އާއި ޒުހާ އައީ އިރުއޮއްސެނިކޮށެވެ. އޭރު ނާވީގެ ދޮންތަ ނުހާވެސް އެ ހެދުން ބަލާލާ ހިތުން ދެތިން ފަހަރު ގުޅައިފިއެވެ. ހެދުން ލިބުމުން، އެހިފައިގެން އެގެއަށް ދާނޭ ވާހަކަ ޖިޔާވަނީ ނުހާ ގާތު ބުނެފައެވެ. ކޮޓަރިއަށް ވަދެ ހެދުން ހެޔޮވަރުކޮށްލުމާއިއެކު ކޮޓަރީގައި ހުރި ދިގު ލޯގަނޑުން ޖިޔާ ބަލާލިއެވެ. ހެދުމުގެ ފަސްބައި އޮތީ ތިރީގައި ހޭކޭވަރަށެވެ. ދިގުކޮށްހުރި ވިލުނޫކުލައަކަށްދާ ފޮއްޗަކުން ފަހާފައިވާ ހެދުމެކެވެ. އެހެދުމުގައި އޭނާގެ ރީތިކަން ވަކިން އިތުރުވެއެވެ. ގަދަ ނޫކުލައިން ފެށިގެން މަޑުނޫކުލައާއި ވިލުނޫކުލައަށް ދާންދެން އެހެދުމުގައި ބޭނުން ކޮށްފައި ހުއްޓެވެ. ބުރަކަށީގެ ބޮޑުބަޔަކަށް ލޭސްލައްވާފައި އޮތްއިރު ޖިޔާގެ ދޮންކަން އެލޭސްގަނޑުގެ ތެރެއިން ފާޅުވަމުން ދިޔައެވެ. ހެދުން ހިއްލައިލައިގެން ހުރެ ޒީޝާމެންގެ ގާތަށް ޖިޔާ ދިޔައެވެ. އެންމެންގެ މޫނުމަތިން ހިނިތުންވުން ފެނިގެން ދިޔައެވެ.

“ވާއު… ޕާފެކްޓް، އިތުރަށް ކަމެއްކުރާކަށްވެސް ނުޖެހޭނެ” ޒީޝާ ބުނެލިއެވެ.

“ޕްރިންސަސްއެއްހެން ހީވަނީ” ޒުހާ ބުނެލިއެވެ.

“ތަންކޮޅެއް ދިގެއްނޫންތަ” ޖިޔާ ހެދުމުގެ ފަސްބަޔަށް ބަލާލާފައި ބުނެލިއެވެ.

“އެއްވެސް ދިގެއްނޫން، ޖިޔާގެ ފައިވާނަށް އަރާލީމާ ހުންނާނީ ހަމަ އެންމެ ހެޔޮވަރު ވަރަށް، އެހެންނޫނަސް ނާވީ އެއޮތްދިގު މީހާ ގާތު ހުންނައިރު ޖިޔާ ފްލެޓް ފައިވާނަކަށް އެރީމަ ކިހިނެއްވާނީ” ޒީޝާ ހީނލާފައި ބުނެލިއެވެ. ޖިޔާ ވެސް ހިނިތުންވެލިއެވެ.

ރޭގަނޑުގެ ކެއުން ތައްޔާރު ކުރުމުގައި މިރޭ ގޭގައި އިސްވެ އުޅެނީ ހުރިހާ ކުދިންނެވެ. ތިންބެއިންވެގެން ފްރައިޑް ރައިސް ތައްޔާރުކުރުމުގައި އުޅުނު އިރު ޝާކިރާ މާމަ ދަރިފުޅު ނިންދަވަން އުޅުނެވެ. އޭނާގެ މޫނުމަތިން ހިތްހަމަޖެހިފައި ހުރިކަމުގެ އަސަރު ފާޅުވަމުންދިޔައެވެ. ކުދިންގެ ފަރާތުން ފެންނަމުން ދިޔަ އެކުވެރިކަމާއި ގާތްކަން މިއަދު ޝާކިރާގެ ހިތަށް ހެމަޖެހުން ގެނެސްދީފިއެވެ. ޖިޔާއަށް ރަނގަޅު ދިރިއުޅުމެއް ލިބެން އުޅޭތީވެ އެކަމާވެސް އޭނާ އިނީ ހިތްހަމަޖެހިފައެވެ.

“ހާދަހާ ވަސް ރަނގަޅޭ، މަންމަ މިހާރު ބަނޑުހައިވެސްވެއްޖެ، ނިމޭކަށް ނޫޅޭތަ” ޝާކިރާ ބަދިގެ ފަރާތަށް ވަންނަމުން ބުނެލިއެވެ.

“މިނިމުނީ، އިޝްކޮ ނިދީތަ” ޖިޔާ ބުނެލިއެވެ.

“އާން! އެމަންޖެ ނިދައިފި، މިއައީ ކުޑައެނދަށްލާފައި، އެވަރަށް ރޮވުނީމަ ކަންނޭނގެ މިރޭ އެހާ އަވަހަށް އެނިދީ” ޝާކިރާ ބުނެލިއެވެ.

“އިރުކޮޅަކުން ނާވީވެސް އެބަ އާދޭ” ޖިޔާ ބުނެލިއެވެ

“ނާވީއަށް ކާންދެއްޗޭ، އަދިވެސް އެސޮރު އުޅެނީ ހާދަ ލަދުންނޭ” ޝާކިރާ ކާމޭޒުކައިރިން ގޮނޑިއެއް ދަމާލާފައި އިށީންނަމުން ބުނެލިއެވެ. އެއާއިއެކު ޒީޝާ އާއި ޒުހާގެ އަނގަގަދަވެގެން ދިޔައެވެ. ޖިޔާ އާއި އެކިގޮތްގޮތުން ދިމާކުރަން ފެށިއެވެ.

ރޭގަނޑުގެ ކެއުން ނިމެން އުޅެނިކޮށް ނާވީ އައެވެ. ޖިޔާ އޭނާ ގޭތެރެއަށް ވައްދާފައި ކާން އައުމަށް ބުނުމުން އެކަމަށް އުޒުރުވެރިވިއެވެ. އަދި ނުހާ ބުނެގެން ޖިޔާ އެގެއަށް ވަރަށް އަވަހަށް ގެންދަން ބޭނުންވެފައި ހުރި ވާހަކަ ބުންޏެވެ. ސިޓިން ރޫމުގައި ނާވީ މަޑުކޮށްލުމުން ޖިޔާ އެތެރެއަށް ގޮސް ތައްޔާރުވެލައިގެން އައީ ކޮތަޅެއްވެސް ހިފައިގެންނެވެ. އެތެރޭގައި އޮތީ ކޯއްޗެއްކަން ނުފެންނާތީ ނާވީ އެކަމާ ސުވާލުކޮށްލިއެވެ.

“މިރޭ ފްރައިޑް ރައިސް ހެދީމަ ކާން ހިނގާށޭ ބުނީ، މިދަނީ ދޮންތައަށް ފްރައިޑް ރައިސްކޮޅެއް ހިފައިގެން، ދެން ނާވީ ބޭނުމިއްޔާ އޭރުން ގޭގައި އިނދެގެން ކާލެވޭނެ އެންނު” ޖިޔާ ހިނިތުންވެލަމުން ބުނެލިއެވެ.

“އަވަސްކުރަންބުނީ ވަރޭ އަންނަން އުޅޭހެން ހީވާތީ، ވަރަށް ބަނަކޮށް އުޑުމަތި އޮތީ، އަވަހަށް ދިޔައީމަ އެންނު އަވަހަށް އާދެވޭނީ ވެސް” ނާވީ ބުނެލިއެވެ. ޖިޔާ، ޒީޝާ ގާތު ކުޑަމީހާ ބަލާލަ ދިނުމަށް ބުނަމުން ނާވީ އާއިއެކު ގެއިން ނުކުތެވެ.

* * * *

ބާރުވައިރޯޅިތައް ރުޅިވެރިކަމާއިއެކު ފަތްތައް ދިމަދިމާލަށް ބުރުވާލަމުން ދިޔައެވެ. ވެލީގެ ތޫފާނެއް އުފެދިފައި ވާކަހަލައެވެ. އެހެންނަމަވެސް މެޔެއާއި ދިމާލުން ދެއަތް ހުރަސްކޮށްލައިގެން ހުރެ ޒުކަން ކުރިއަށް ހިނގަމުން ދިޔައެވެ. މިފަދަ ރެއަކަށް އޭނާ އިންތިޒާރު ކުރާތާ ކޮންދުވަހެއް ހެއްޔެވެ. ވައިގެ ހަމަލާތަކުން އޭނާ ހުއްޓުވަން މަސައްކަތް ކުރާކަހަލައެވެ. ހަނގުރާމައިގެ މައިދާނުގައި ނުކުމެހުރި ކުޅަދާނަ ފަހުލަވާނެއް ފަދައިން އޭނާ ކުރިއަށް ހިނގަމުން ދިޔައީ ހިތުގައި އުފެދިފައިވާ ވަރުގަދަ އިޙުސާސެއްގެ ސަބަބުންނެވެ. ދިމާވާ ހުރިހާ ހުރަސްތަކަކާއި ކުރިމަތިލާން އޭނާ ބޭނުންވަނީ، ހަނދާންނައްތާލަން އުޅެ ހަނދާންނުނެތުނު މާޒީއާއި ބައްދަލުކުރަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. ކުއްލިއަކަށް އެނބުރިގަތް ބާރު ވައިރޯޅީގެ ހަމަލާ ޒުކަންނަށް އަމާޒުވެގެން ދިޔައެވެ. ކުދިކުދި ވެލިފުއްތަކުން އޭނާގެ ލޯނުސާފުވެދާނެތީ ވަގުތުން މޫނާ ދިމާލުން އަތްހުރަސްކޮށްލެވުނެވެ. ނަމަވެސް އެހާލުގައިވެސް އޭނާ އައިސް ޕާކުގައި ހުރި ހިލަގޮނޑިތަކުން އޭނާއަށް ޚާއްޞަވެފައިވާ ގޮނޑީގައި އިށީނެވެ. ދެއަތުން މޫނު ފޮޅާލުމާއިއެކު ދެފަރާތަށް ނަޒަރު ހިންގާލިއެވެ. އޭރުވެސް އެނާގެ ހިތްބުނަމުން ދިޔައީ އެންމެ ވާހަކައެކެވެ. މިރޭ އެއަންހެން ކުއްޖާ އެތަނަށް އަންނާނެކަމެވެ.

ނާވީގެ ފިނިއަތްތިލަ ޖިޔާގެ އަތުގައި ޖެހުމުން ސިހިފައި އަތް ފޮޅުވާލި އެވެ. އެއާއިއެކު ނާވީއަށް ޖިޔާ ބަލާލި އެވެ. ނާވީގެ މޫނުމަތިން ފެންނަނީ ލާނެތް ހިނިތުންވުމެކެވެ. ސަމާސާކޮށްލާހިތުން އޭނާ ހުރިކަހަލަ އެވެ. ފަޒާގައިވާ ތެތްފިނިކަން ނާވީގެ ހަށިގަނޑަށް ބަދަލުތަކެއް ގެންނަމުންދާ ކަހަލަ އެވެ. ލަދުވެތި ހިނިތުންވުމަކާއިއެކު ނާވީއަށްވުރެ ކުރިން ޖިޔާ އެޕާޓްމެންޓުގެ ދޮރު ހުޅުވާލަފައިފި އެވެ. ހަލުވިކޮށް އެތެރެއަށް ދެމިގަތުމާއިއެކު ލުއިގޮތަކަށް ނާވީ ހީނލިއަޑު ޖިޔާއަށް އިވުނެވެ. ދެމީހުން އެކުގައި ކަހަލަ ގޮތަކަށް ބަދިގެ ފަރާތަށް ދިޔައީ އެތަނުގައި އެވަގުތު ހަރަކާތްތެރިވަމުން ދާނީ ނުހާކަން އެނގި ތިބެ އެވެ.

“ޖިޔާ… އައީތަ… ކޮބާ ހެދުން” ޖިޔާ ފެނުމާއިއެކު ދަތްތައް ފެންނަވަރަށް ހިނިތުންވެލި ނުހާ އަވަހަށް އަހާލި އެވެ.

“ކޮން ހެދުމެއް، ބުނީމެންނު ކާއެއްޗެހި އަޅައިގެން އައިކޮތަޅެކޭތީ” ނާވީ ހައިރާންވެފައި ޖިޔާއަށް ބަލާލަމުން ބުނެލި އެވެ.

“ނާވީ ބަލާއެއްޗެއް ނޫނޭ، އަންހެން ކުއްޖާ ކައިވެނި ހެދުމުގައި ހުއްޓާ ފެންނަންވާނީ ކައިވެނި ކުރާ ވަގުތު، އެހެންނޫނީ ކަމަކު ނުދާނެ، ދޯ ޖިޔާ” ނުހާ ހީނލާފައި ބުނެލި އެވެ.

“ނާވީގެ ދޮންތަ ބުނީއޭ ނުބުނާށޭ، އެހެންވެ ނާވީ ގާތު ނުބުނީ، ކާއެއްޗެހިވެސް ގެނައިމޭ… އަން، މިރޭ ގޭގައި ފްރައިޑް ރައިސް ހެދީމަ، ނާވީ ދޮންތައަށް ރަހަދައްކާލަން ގެނެސްދިނީ” ޖިޔާ އަތުގައި އޮތް ކޮތަޅު ހާވާލަމުން އިތުރު ކޮތަޅެއް ނަގާ ނުހާއަށް ދިއްކޮށްލި އެވެ.

“ވަރަށް މީރުވަސް ދުވާ، ހީވަނީ ވަރަށް މީރުވާނެ، އެކަމަކު ދެންމެ މި ކެއީ، މިވީ ގޮތުން މިރޭ އަދި އެއްބުރު ދުއްވާލަން ޖެހޭނެ” ޖިޔާ ދިއްކޮށްލި ކޮތަޅުގެ ތެރެއިން ތަށި ނަގައި އޭގެ މަތިގަނޑު ނައްޓާލުމާއިއެކު މަޖާވެލާފައި ނުހާ ބުނެލިއެވެ.

“އަހަރެންވެސް ބޭނުން ކާން، އަދި ނުކެއި މިހިރީ، ދޮންތާ، އަވަހަށް ތައްޓަކަށް ތީގެން އެއްބައި އަޅާލަ ދީބަލަ” ނުހާ މޫނަށް ޖައްސާލިވައްތަރު ބަލަން ހުރެފައި ނާވީ އަވަސް އަވަހަށް ބުނެލިއެވެ. އަދި މޭޒު ދޮށުން ގޮނޑިއެއް ދަމާލާފައި އިށީނެވެ.

“މިހެންވެގެން ދޯ މިރޭ ނުކެއި ޖިޔާ ބަލާ އެހާވަރަކުން ދިޔައީ، މިވަރުން ދަންޏާ ދުވަސްކޮޅަކުން ޖިޔާ ހަދާ އެއްޗެއް ނޫނިއްޔާ ނާވީގެ އަރުތެރޭން ނުދާނެ ކަންނޭނގެ” ނުހާ ވަގުތުން ނާވީ އާއި ދިމާކޮށްލި އެވެ. ޖިޔާ ލަދުރަކި ގޮތަކަށް ހިނިއައިސްފައި އެދެބޭންނަށް ބަލަން ހުއްޓެވެ.

“މިއަންނަނީ ޖިޔާ ގޮވައިގެން ކޮޓަރިއަށް ގޮސްފައި، ނާވީ ކައިނިމުމުގެ ކުރިން އަންނާނަން… ހިނގާ ޖިޔާ” ނުހާ ނާވީއަށް ކާން ހަދާދީފައި މިހެން ބުނެ ޖިޔާގެ އަތުގައި އަތްޖައްސާލަމުން ނުކުންނަން ހިނގައިގަތެވެ. ޖިޔާ، ނާވީއަށް ބަލާލާފައި ނުހާ އާއި ހިނގައިގަތެވެ. އެހިނދު ނާވީ ހިނިތުންވެލަމުން ޖިޔާއަށް އެއްލޯ މަރާލި އެވެ.

 ކޮޓަރިއަށް ވަދެވުމާއިއެކު ކެތްތެރިކަން ކުޑަވެފައި ހުރި ނުހާ، ޖިޔާގެ އަތުން ކޮތަޅު އަތުލައި އޭގައި އޮތް ހެދުން ނަގައި ބަލަންފެށި އެވެ. އޭނާއަށް އެ ހެދުން ވަރަށް ކަމުދިޔަ އެވެ. ހެދުން ފަހައިދިން މީހާއަށް އެތަށް ފަހަރަކު ތަޢުރީފުކުރި އެވެ. އެވަރުން އޭނާގެ ހިތްހަމައެއް ނުޖެހުނެވެ. ޖިޔާ އެ ހެދުން ލީމާ ހުންނަ ގޮތްވެސް ބަލަން ނުހާ ބޭނުންވިއެވެ. އެހެންވެ ޖިޔާ ގާތު އާދޭސްކޮށްލުމާއިއެކު ހެދުން ދީފައި އެކޮޓަރީގައި ހުރި ފާޚާނާއަށް ޖިޔާ ވެއްދި އެވެ.

“މާޝާﷲ، ތިހާ ރީތި ކުއްޖަކު ނާވީ ހޯދީ ކިހިނެއްބާއޭ ދޮންތަ ހިތަށްއަރާ… ހީވަނީ ފެއަރީ ޓޭލްއެއްހެން، ޔޫ ލުކް ޖަސްޓް ލައިކް އަ ޕްރިންސެސް، ނާވީ މޮޔަވާނެ ޖިޔާ މިހެދުމުގައި ހުއްޓާ ފެނުމުން” ނުހާގެ ދެތުންފަތް ކައިރިވާނެ ވަގުތެއް ނުވެ އެވެ. އޭނާއަށް އެއްވަރަކަށް ހެވިފައި ހުރެ ޖިޔާއަށް ތަޢުރީފު ކުރަމުން އޭނާގެ ވަށައިގެން އެނބުރެމުން ދިޔަ އެވެ. ހެދުމުގެ އެކި ބައިބަޔަށް ބަލަމުންނެވެ. ރަކިވެގެން ހީނލެވުނު ޖިޔާގެ ކޯތާފަތަށް މަޑުމަޑު ޖަންބުކުލައެއް އަރާފައި ހުއްޓެވެ.

“ދެން ދޭ އަވަހަށް ހެދުން ބަދަލުކޮށްލަން، މިހިންތިއްބަ ނާވީ އައިސް ދޮރު ހުޅުވާލަ ފާނެ، އޭނަ މަޑުމަޑުން ހުއްޓަސް ދޮންތައަށް އެނގޭ މިހާރު އިންނާނީ ޖިޔާގެ މިހެދުން ބަލާހިތުންކަން، އެކަމަކު ބުނަން، ނާވީ ކިތަންމެ ވަރަކަށް އާދޭސްކުރިޔަސް ހެދުން ނުދައްކާތި” ނުހާ އަމުރުކޮށްލާފަދަ ގޮތަކަށް ބުނެލި އެވެ. ހިނިއައިސްފައި ހުރި ޖިޔާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލަފައި ހެދުމުގެ ފަސްފައި ހިއްލާލައިގެން ހުރެ ފާޚާނާއަށް ވަނެވެ.

ޖަހާލި ބާރު ގުގުރި އާއިއެކު ވާރޭގެ ސައިލެއް އޮއްސާލި އެވެ. ކޮޓަރީގައި ހުރި ނުހާ ސިހިފައި ދެވުނީ ނިދާފައި އޮތް ދަރިފުޅުގެ ގާތަށެވެ. ޖިޔާގެ މެޔަށްވެސް ފާޑެއްގެ ގޮތެއް ވީކަން ގައިމެވެ. އޭނާ އަވަސް އަވަހަށް ހެދުން ކޮތަޅަށް ލާފައި ނާވީ ކޮބައިތޯ ބަލަން އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އެވަގުތު ކުއްލިއަކަށް އައިސް ނާވީ އެކޮޓަރީގެ ދޮރުހުވާލާފައި ވަނެވެ.

“މިރޭ ނޭނގެ ހުއްޓާނެކަމެއްވެސް، އަވަސް ކުރަން އުޅުނު މީހުނަށްވީވަރުތީ، މި ދޮންތަ އާއިހެދި ޖިޔާ މިގޭގައި ތާށިވެފައި ހުންނާނީ” ނާވީ ބުނެލި އެވެ.

“މިތާ އަހަރެން ގާތު އެނދުގައި ޖިޔާ ބާއްވަފާނަމޭ، މިހާރު އެއީ މިގޭ ކުއްޖެއްވިއްޔާ، އެކަމަކު ތިކޮޓަރިއަށް ޖިޔާ ދިޔަކަ ނުދޭނަން” ނުހާ ހީނލަމުން ބުނެލި އެވެ.

“އެހެންވިޔަސް ހެޔޮ، ޖިޔާ އިހަށް ދާނީ އަހަންނާއިއެކު” ނާވީ ކުރިއަށް ޖެހިލަމުން ޖިޔާގެ އަތުގައި ހިފާލި އެވެ.

ޖިޔާގެ އަތުގައި ހިފައިގެން އައިސް ނާވީ ވަނީ އޭނާގެ ކޮޓަރިއަށެވެ. އޭސީގެ ފިނިން ކޮޓަރި ފިނިވެފައި ހުރިއިރު ބެލްކަންޏަށް ނުކުމެވެން ހުރި ބިއްލޫރު ދޮރުގައިވެސް ހުރީ ފިނިހިފައިގެން އެއްކޮށް ފުސްވެފަ އެވެ. ނާވީ މަޑުމަޑުން ދޮރު ލައްޕާލާފައި އައިސް ޖިޔާގެ ގާތުގައި މަޑުކޮށްލިއެވެ. އަދި ޖިޔާގެ މުލަށްދަނޑީގައި ހިފާލަމުން މަޑުމަޑުން ގާތްކޮށްލިއެވެ. އެހިނދު ޖިޔާގެ ނޭފަތުގައި ނާވީގެ ހަށިގަނޑުން ދުވި މަޑުމަޑު މީރުވަސް ހަރުލައިގެން ދިޔަ އެވެ. އިސްއުފުލާ ނާވީއަށް ބަލާލެވުނީ ކަންބޮޑުވެފައި ހުރެ އެވެ.

“މިކަހަލަ ރެއެއްގައި ޖިޔާ މިހާ ގާތުން ފެނުމުން އަހަރެންގެ އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ ބާރު ގެއްލިދާނެތީ ބިރުގަނޭ، ފަހަރެއްގައި ޖިޔާ ހިތްހަމަނުޖެހޭ ކަމެއް ކުރެވިދާނެތީ އެކަމާވެސް ބިރުގަނޭ… އެކަމަކު މިފަދަ ރެއަކު ހިމޭނުން ހުންނާނީ ކިހިނެއް” ނާވީ މަސްތީގޮތަކަށް ޖިޔާއަށް ބަލަންހުރެ މިހެން ބުނެލަމުން ކުޑަކޮށް ގުދުވެލާފައި ޖިޔާގެ ނިތްކުރީގައި އޭނާގެ ނިތްޖައްސާލި އެވެ. އޭރު ދެމީހުންގެ ނޭވާގެ ހޫނުކަން އެކަކު އަނެކަކުގެ މޫނަށް އިޙްސާސް ކުރެވެމުންދިޔަ އެވެ. ދެލޯ މަރާލެވުނު ޖިޔާއަށް އިޙްސާސް ކުރެވުނީ މުޅިން ތަފާތު އިޙުސާސެކެވެ. ވަގުތުން ފަހަތަށް ޖެހިލެވުމާއިއެކު އަވަސް އަވަހަށް އައިސް ބެލްކަންޏަށް ނުކުމެންހުރި ބިއްލޫރި ދޮރާ ކުރިމަތިލަމުން ހުއްޓުނެވެ. އޭރު އޭނާގެ އަތުގައި އޮތް ކޮތަޅުގެނެސް މެޔާއިލާ ބޮނޑިކޮށްލެވިފައި އޮތެވެ. ނާވީ މަޑުމަޑުން އައިސް ޖިޔާގެ ފަހަތުން ކޮނޑުގައި ހިފާ އޭނާގެ ގައިގާ ލައްކޮށްލި އެވެ.

“މިފަދަ ކޮންމެ ރެއަކީ ހިތްގައިމު ރެޔަކަށްވިޔަސް އަހަރެން ވެސް ބިރުގަނޭ، އިތުރަށް އެރޭ ކުރެވުނު ފަދަ ކަމެއް ކުރާކަށް ބޭނުމެއްނޫން، ކައިވެނީގެ ބޭރުން އެފަދަ ގުޅުމެއް ދެން ދުވަހަކުވެސް ހިންގާކަށް ބޭނުމެއްނޫން، އެކަމަކު އެރޭވެސް އެކަން ހިނގާދިޔައީ… ނުވެސް ދަންނަ… ދުވަހަކުވެސް ނުދެކޭ މީހަކާއިއެކު….” ދެލޯ މަރާލެވުނު ޖިޔާގެ ހިތް ވާހަކަދެއްކިއެވެ. ނަމަވެސް ދެވަނަ ފަހަރަށް އޭނާ ނާވީ އާއި ދުރަށް ޖެހިލަން މަޖުބޫރުވީ ނާވީ މާބޮޑަށް އޭނާ އާއި ގާތްވާން މަސައްކަތްކުރީމަ އެވެ.

“ޕްލީޒް ނާވީ… މީ ރަނގަޅު ގޮތެއްނޫން، ކައިވެނި ކުރަން މިހާ ކައިރިވެފައި އޮތްވާ، މިހެން އުޅޭކަށް ނުވާނެ، މިފަދަ ރެޔެއްގައި ދެމީހުން މާ ގާތުގައި ތިބޭކަމަށްވަންޏާ ގޯސްކަމަކަށް ފުރުޞަތުދެވިދާނެ، ހިނގާ ބޭރަށް” ޖިޔާ އެއްފަރާތަކަށް ޖެހިލަމުން ނާވީއަށް ބަލާލާފައި ބުނެލި އެވެ.

“ސޮރީ…” ނާވީ މަޑުމަޑުން ބުނެލި އެވެ.

ވެހެމުންދިޔަ ވާރޭގެ އަޑު ކޮންމެވެސް ވަރަކަށް ކޮޓަރިތެރެއަށް އިވެމުންދިޔަ އެވެ. ނާވީ އާއި ޖިޔާގެ ދެމެދަށް ހިމޭންކަން ވެރިވެފައިވެ އެވެ. އެއްޗެއް ނުބުނެ ތިބިއިރު ޖިޔާގެ ނަޒަރު ހުއްޓިފައިވަނީ ވެހެމުންދިޔަ ވާރޭއަށެވެ. ނަމަވެސް ނާވީގެ ނަޒަރު ހުއްޓިފައި ހުރީ ޖިޔާއަށެވެ. އެއްފަރާތަކަށް ޖެހިލަމުން ޖިޔާގެ ކުޑަކުޑަ ދޮންމޫނަށް ނާވީ ބަލާލާފައި ހިނިތުންވެލި އެވެ. އަދި ބެލްކަނީގެ ދޮރު ހުޅުވާލުމާއިއެކު ބާރު ވައިރޯޅިއެއް ކޮޓަރިތެރެއަށް ދެމިގަތެވެ. އެހިނދު ޖިޔާއަށް ކުރިއަށްވުރެވެސް ބާރަށް ކޮތަޅުގައި ބައްދާލެވުނެވެ. ނާވީ އެއްވެސް އެއްޗެއް ނުބުނެ ނުކުތީ ބެލްކަންޏަށެވެ. ފެންތިކިތަކުގެ ހަމަލާ ބެލްކަންޏަށް އަންނަލެއް ކުޑަ އެވެ. ނާވީ ނުކުމެ ހަށިގަނޑު ތެދުކޮށްލަމުން ފިނިނޭވާއެއް އެތެރެހައްޓަށް ދަމާލުމާއިއެކު މަޑުމަޑުން ބޭރުކޮށްލި އެވެ. އަދި ޖީބަށް އެއްއަތްޖަހާލުމާއިއެކު ފަހަތަށް އެނބުރި ޖިޔާއަށް އިޝާރާތްކޮށްލީ އަންނާށޭ ބުނާފަދަ ގޮތަކަށެވެ. އަތުގައި އޮތް ކޮތަޅު ނާވީގެ ކޮޓަރީގައި ހުރި ރީތިވާ މޭޒުގެ ގޮނޑިމަތީ ބާއްވަމުން ޖިޔާވެސް ބެލްކަންޏަށް ނުކުތެވެ.

ކޮޓަރީގެ ފިންޏަށްވުރެ ފަޒާގައި އެނބުރެމުންދާ ވައިރޯޅިތަކުގެ ތެތްފިނިކަން ގަދައެވެ. ޖިޔާ ހީކަރުވާގޮތްވި އެވެ. އެހެންނަމަވެސް ހިތަށް ހަމަޖެހުން ގެނެސްދޭފަދަ ޖާދޫއެއް ވެހެމުންދިޔަ ވާރޭގައި ވާހެން ޖިޔާއަށް އިޙްސާސްކުރެވުނެވެ. ހީކަރުވައިގަނެފައި ހުރެވެސް ބެލްކަނިން ބޭރަށް ވާގޮތަށް ދެއަތްދިއްކޮށްލިއެވެ. ހިނިތުންވެލައިގެން ހުރެ ނާވީ ބަލަމުންދިޔައީ ޖިޔާގެ ހަރަކާތްތަކަށެވެ. ޖިޔާއަށް ފިނިވެފައި ހުރިކަންވެސް އޭނާއަށް އެނގެ އެވެ. އެހެންނަމަވެސް ޖިޔާ އާއި ގާތްވާން އޭނާ ޖެހިލުންވެފައިވެ އެވެ. ލުއިގޮތަކަށް ޖިޔާ ހީނލިއަޑުއިވިގެން ދިޔައެވެ. ވާރޭ ކުރިއަށްވުރެވެސް ބޯކޮށްލީއެވެ. ޖިޔާ ތެމިދާނެތީ އެތެރެއަށް ޖެހިލަން އުޅުނު ވަގުތު ކުރިމަތިން ފެންނަން އޮތް ޕާކުގެ ތެރެއިން މީހަކު ފެނުނުހެން ހީވިއެވެ. އެހިނދު އޭނާގެ ހުރިހާ ހިއްސެއްހެން ސިހިގެންދިޔަ ކަހަލައެވެ. މޫނުމަތީގައިވި ހިނިތުންވުން ވަގުތުން ފިލައި ހިނގައްޖެއެވެ.

“ކިހިނެއްވީ” ޖިޔާއަށް ވީގޮތްފެނި ނާވީ އަވަސް އަވަހަށް އަހާލިއެވެ.

“ކަމެއްނުވޭ” އެޔެއްމިޔެއްނުބަލާ ތެޅެންފެށި ހިތް މައިތިރިކުރަން މަސައްކަތްފެށި ޖިޔާ ބުނެލިއެވެ. ފަހަތަށް ޖެހިލިނަމަވެސް އޭނާ އެއްފަރާތަށް ޖެހިލީ ޕާކުގެތެރެ ރަނގަޅަށް ބަލާލުމަށްޓަކަ އެވެ. މަޑުމަޑުން ކޮރާލުމާއިއެކު އަނެއްކާވެސް ކުއްލިއަކަށް ޖިޔާ ފަހަތަށް ޖެހުނެވެ. އޭނާގެ އަނގަމަތީ އަތްއަޅާލެވުމާއިއެކު ސިކުނޑީގައި އެނބުރިގަތީ މާޒީގެ ހަނދާންތަކެވެ. އެޚިޔާލުތަކެވެ. އޭނާއަށް ޕާކުގައި މީހަކު އިންކަން ޔަޤީންވީ އެވެ. އެއީ ފިރިހެނެއްކަން ވަކިކުރަން އެނގުނީއެވެ. ދެވަނަ ފަހަރަށް ވެސް ބަލާލެވުނީ އެހެންވެ އެވެ. އެހާބޮޑަށް ސިހުނީ ޖިޔާ ބަލަން ހުއްޓާ އެޒުވާނާ ދުވެފައި އައިސް އެތަނުގައި ފެންނަހުރި ބޮޑުގަހުގެ ހިޔަލަށްވަދެ ގެއްލުމުންނެވެ.

“އެއީ އޭނާތަ… އާން! އެއައީ އަހަރެން ހޯދަން ކަންނޭނގެ…. ނޫން! އެހެންމީހަކަށް ވެސް ވެދާނެ، އެކަމަކު އެވަނީ އެބޮޑުގަސްދޮށަށް، އެބިޔަ ހަށިގަނޑު، ހަމަ އެ އިސްކޮޅު…. އާން! އަހަރެންގެ ހިތުގައި ބިންވަޅުނެގުނު ސޫރަ އާއި ހާދަ ވައްތަރޭ… އަހަރެން އެތަނަށް ދާން ބޭނުން… އަހަރެން ދާން ބޭނުން… އޭނާ އާއި ބައްދަލުކުރަން ބޭނުން… އެއީ އަހަރެންގެ ދަރިފުޅުގެ ބައްޕަތޯ ޔަޤީންކުރަން ބޭނުން…” އަމިއްލަ ޟަމީރާ ވާހަކަދައްކަމުން ބޭއިޙްތިޔާރުގައި ޖިޔާއަށް ދުއްވައިގަނެވުނީ ކޮޓަރިތެރެއަށެވެ. އެއީ އެގެއިން ނުކުމެގެން ދާން ގަސްދުކޮށްގެންނެވެ. ނަމަވެސް އޭނާގެ ފަހަތުން އައި ނާވީ ވަރަށް ހުޝިޔާރެވެ. ކޮޓަރިއަށް ވަން ޖިޔާގެ އަތުގައި އޭނާ ކުއްލިއަކަށް ހިފާ ހުއްޓުވިއެވެ.

“ނާވީ…” ހަމަހޭވެރިކަން ލިބިގެންދިޔަ ޖިޔާ ހާސްވެފައި ހުރިފަދަ ގޮތަކަށް ނާވީއަށް ބަލާލުމާއިއެކު ބުނެލިއެވެ. އޭރު އޭނާގެ ހިތް ގޮވަމުން ދިޔައީ ޕާކުގައި އެވަގުތު ހުރި ޒުވާނާގެ ގާތަށް ދިއުމަށެވެ. އެތަކެއް ދުވަހަށްފަހު ލިބުނު މިފުރުޞަތު ގެއްލުވާނުލުމަށެވެ. އެހެންނަމަވެސް ނާވީގެ އަތް ފޮޅުވާލާކަށް ޖިޔާއަކަށް ނުކެރުނެވެ. ސިކުނޑި ހާސްވެ ހަދާނެގޮތެއް ނޭނގުނު ހިނދު ޖިޔާއަށް އޭނާގެ ދެލޯ މަރާލެވުމާއިއެކު އިސްޖެހުނެވެ.

“ޖިޔާ، ކިހިނެއްތަވީ، އަހަރެން ޖިޔާ ނުރުހޭކަމެއް ނުކުރާނަމޭ، ބިލީވްމީ… ޖިޔާ ބޭނުންވަނީ ކޮޓަރިން ބޭރުގައި ތިބެގެން ވާހަކަދައްކަން ކަމުގައިވާނަމަ އެގޮތްވެސް އަހަންނަށް ޤަބޫލު، ހިނގާ ބޭރަށް” ނާވީ މިހެން ބުނެލުމާއިއެކު އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އޭރުވެސް ޖިޔާހުއްޓުން އަރާފައި ހުރިގޮތަށް ހުރީއެވެ. ނާވީ އެނބުރިއައިސް ޖިޔާގެ ކޮނޑުގެ ދެފަރާތުގައި ހިފާ ތަޅުވާލިއެވެ. ޖިޔާ ރޮނީކަން ނާވީއަށް އެނގުނީ ދެނެވެ. ވަގުތުން ނާވީ ވަރަށް ހާސްވިއެވެ. ޖިޔާ ރޯވަރުގެ ކަމެއް އޭނާއަށް ކުރެވުނީ ކޮންކަމެއްބާއޭ، އެސުވާލު ސިކުނޑިއާއި ހިތުތެރޭ އެނބުރެން ފެށިއެވެ. ހުރިތަނަށް ތިރިވި ޖިޔާއަށް ހަމަރަނގަޅަށްވެސް ރޮވުނީއެވެ. ހިތުގައިވާ އެއްޗެއް ނާވީ ގާތު ހާމަކުރާކަށްވެސް ބޭނުމެއްނޫނެވެ. ނާވީ ދެރަވެދާނެތީއެވެ. އަނެއްކޮޅުން އެއީ ޖިޔާ އިންތިޒާރުކުރަމުން އައި ޒުވާނާ ކަމުގައި ވެއްޖެއްޔާ އޭނާ އާއި ވެސް ބައްދަލުކުރަން ޖިޔާ ބޭނުންވެ އެވެ. މިފުރުޞަތު ދެން ނުލިބިދާނެތީއެވެ. އަމިއްލަ ހިތާ ޝާކުވާ ކުރެވުނީ ކައިވެނިކުރަން މިހާ ކައިރިވެފައި ވަނިކޮށް މިގޮތަށް ކަންތައް ދިމާވީތީއެވެ. ޖިޔާގެ ހިތަށް ތޫނު އެއްޗެހިތަކެއް ހެރެމުންދާފަދަ އިޙުސާސެއް ކުރެވެމުންދިޔައެވެ. ހަނދާނަށް މާޒީވި އެރޭގައި ހިނގައިދިޔަ ހުރިހާކަމެއް ހަނދާނަށް އައުމުންނެވެ. ހަދާނެގޮތެއް ނޭނގިފައި އިން ޖިޔާއަށް ހަމަ ރޮވެނީއެވެ. ނާވީ ކަންބޮޑުވެފައި ޖިޔާ ގެނެސް އޭނާގެ މޭގައި ޖައްސާލިއެވެ.

“ޖިޔާ ޕްލީޒް، ނުރޮއެބަލަ… އަހަންނަށް ކުރެވުނު ކަމެއް ބުނެދީބަލަ، ޖިޔާ ގައިގަ އަތްނުލާންވީތަ” ނާވީ، ޖިޔާގެ މޫނުގައި ހިފައި މަޑުމަޑުން އުފުލާލަމުން އަހާލިއެވެ. އެއާއިއެކު ޖިޔާ ދެފަރާތަށް ބޯހޫރާލިއެވެ. އަދި ތުންފަތްކުރިއަށްވުރެ ބޮޑަށް ފިއްތާލެވުނީ އޭނާގެ ހިތުގައިވާއެއްޗެއް ނާވީއަށް އެދުލުން ނުބުނި ކަމުގައިވިޔަސް އެނގޭނެ ނަމައޭ ހިތަށް އަރާފައެވެ. ކަރުނުން ފުރިބަންޑުންވަމުންދިޔަ ބޮޑުދެލޮލުން ނާވީއަށް ބަލަހައްޓައިގެން އިން ޖިޔާގެ ތުންފަތް ތުރުތުރު އަޅާލުމާއިއެކު ހަރަކާތެއްގެންނަމުން ދިޔައީ އެއްޗެއް ބުނަން އުޅޭފަދަ ގޮތަކަށެވެ.

“އަހަންނަށްޓަކައި އޭނާ އެބަ އިންތިޒާރުކުރޭ، އަހަރެން ގާތު ބުނެބަލަ ދިޔަޔަސް އެންމެ ރަނގަޅޭ، ބުނެބަލަ ނާވީ… ޕްލީޒް… ދެން އަހަންނަށް މިފުރުޞަތެއް ލިބޭނެކަމެއް ނޭނގޭ…” އެސްފިޔަވެސް ޖަހާނުލާ ނާވީއަށް ބަލަންއިން ޖިޔާގެ ދޫހަރަކާތްކުރިނަމަވެސް އަޑެއްނުނިކުތެވެ. ހާސްވެކަންބޮޑުވެފައި ހާދާނެގޮތެއްނޭނގި ނާވީއަށްވެސް އިނދެވުނީ ޖިޔާ ބުނަން އެމަސައްކަތްކުރަނީ ކީކޭބާއޭ ހިތަށްއަރާފައެވެ.

* * * *

ތެމި ވާރޭގައި ހުރި ޒުކަންގެ ދެލޯ ފެންކަޅިވަމުން ދިޔައެވެ. އިރުއިރުކޮޅާ އޭނާ ލޯ ވަށައިގެން ހޯދާލައެވެ. ކުރިއަށް ގަސްދޮށުން ބޭރަށް ފިޔަވަޅެއް އަޅާލެވެއެވެ. ހީވާކަހަލައެވެ. އޭނާ އިންތިޒާރު އެކުރާ ފަރާތް އައީއެވެ. ނަމަވެސް ބޯކޮށްވެހެމުންދިޔަ ވާރޭގައި ތެމި ފޯވަމުން ދިޔައީ އޭނާގެ އިތުރުން އެތަނުގައި ހުރި ގަސްތަކެވެ. ބިންމައްޗަށްވެރިފައި ވާ ހިކިފަތްތަކެވެ. އޭނާ ނޫން އެހެން އިންސާނެއްގެ ހިލަމެއް އެތަނަކުން ނުވެއެވެ. މާޔޫސްކަމާއިއެކު ފުންނޭވާއެއް ބޭރުކޮށްލެވުމާއިއެކު މޫނުމައްޗަށް ވެރިފައިހުރި އިސްތަށިތައް ދެއަތުން ފަހަތަށް ވާގޮތަށް އަތްފުނާ އަޅާލިއެވެ. އަދި ގަޑިއަށް ބަލާލިއެވެ. އެކެއް ޖަހަން އުޅެނީއެވެ. ވާރޭ ހުއްޓާލާނެކަމުގެ އާލާމާތެއް ނުފެނެއެވެ. ޒުކަން ވަށައިގެން ބަލާލުމަށްފަހު ގަހުގެ ބޭރަށް ނުކުމެފައި އޮތް މޫގަނޑުގައި އިށީނެވެ. އެއީ އޭނާ އެރޭ އެއަންހެން ކުއްޖާ ގޮވައިގެން އިންތަނެވެ. އެއަތުގެތެރޭ އެއަންހެން ކުއްޖާ ފޮރުވާލައިގެން އިރުއަރަންދެން އޭނާ އިނީ އެތަނުގައެވެ. ހުރިހާ މަންޒަރެއް ލޯކުރިމަތީ ސިފަވަމުންދިޔައެވެ.

ވަރުގަދަ ކަސްރަތީ ހަށިގަނޑެއްނަމަވެސް ޒުކަންއަށް ފިނިވާންފެށިއެވެ. އެކަނިމާއެކަނި ވާރޭގައި އެގޮތަށް އިންނަން ފެށުމުން އޭނާގެ ހަށިގަނޑުގެ މަސްތަކަށްވާން ވާން ފެށިއެވެ. މަޑުމަޑުން ދެއަތްތިލާ ހާކާލުމާއިއެކު ދެފަރާތުން މުލައްދަނޑީގައި ހިފާ ހަށިގަނޑު ފިއްތާލިއެވެ. އެހެންނަމަވެސް އޭނާ އެތަނުން ތެދުވެގެން ދާޚިޔާލެއް ނުކުރިއެވެ. ފަތިސްވަންދެން އިންނަން އޭނާ ބޭނުންވިއެވެ. އޭނާ އެތަނުން ނުކުމެގެން ދާތަނުން އެ އަންހެން ކުއްޖާ އަތުވެއްޖެއްޔާ އޭނާއަށް އަނެއްކާވެސް ފުރުޞަތު ގެއްލުނީއެވެ. އެހެންވާކަށް އެއްގޮތަކަށްވެސް ބޭނުމެއްނޫނެވެ.

ފަތިހުގެ އަލިކަން ވިލާތަކުގެ ތެރޭން ބިމަށް ފޯރީ ވަރަށްވެސް ފަނޑުކޮށެވެ. އޭރު ގަދަފިނީގައި ތެޅިތެޅިލަ ތެޅިލާ އިން ޒުކަންގެ ދެލޯ ނިންޖާއިގެންވަނީ މެރިފައެވެ. އަރިއަކަށް ބޯދިއުމުން ކުއްލިއަކަށް ސިއްސައިގެން ގޮސް ޒުކަން ލޯހުޅުވާލިއެވެ. ފަނޑުއަލިކަމެއް ޕާކުގެތެރެއަށް ވެރިފައި އޮތްތަން ފެނިފައި އޭނާ މަޑުމަޑުން ތެދުވަން އުޅުނެވެ. ފިނިބޮޑުވެގެން ގޮސް އޭނާގެ ހަށިގަނޑު ތެދުކޮށްލަން ކޮންމެވެސް ވަރަކަށް އުނދަގޫވިއެވެ. އެހެންނަމަވެސް ހިތްވަރުކޮށްލާފައި ތެދުވެ ހަށިގަނޑާއި އަތްފައި ދަމާލަމުން ބޮޑުގަސްދޮށުން ބޭރަށް ނުކުތެވެ.

“ހަމަމިގޮތަށް އޮތީ، އެއީވެސް މިފަދަ ބަނަ ދުވަހެއް، ހަމަމިގޮތަށް ހިމަފޮދުވާރޭ ވެހެމުންދިޔައީ، ކީއްވެތަ އަހަރެން މަޑުނުކުރީ، އެދުވަހު މަޑުކުރެވުނު އެއީ ކޮންއަންހެން ކުއްޖެއްކަން އަދި ބައްދަލުވާނީ ކިހިނެއްކަން ވެސް އެނގުނީސް، މުޅި ރޭ އަހަރެން އޭނާއަށް އިންތިޒާރުކުރިން، ދެން އޭނާ ނާންނާނެތަ، އަހަރެން އޭނާ މަތިން ހަނދާންނައްތާލަންވީތަ، ނޫން، ކޮންމެވެސް ދުވަހަކުން އަދި އަހަރުމެން ދެމީހުން ބައްދަލުވާނެ، އަހަރެން އެދުވަހަކަށް އިންތިޒާރު ކުރާނަން” ޒުކަން މަޑުމަޑުން ގަސްދޮށުން ބޭރަށް ނުކުމެ ވަށައިގެން ނަޒަރު ހިންގާލަމުން ހިތާހިތުން ބުނެލިއެވެ. ވެފައި ހުރި ފިނީގައި ޖިންސުގެ ޖީބަށް އަތްޖަހާލައިގެން ހުރެ ޕާކުން ނުކުންނަން ޒުކަން ހިނގައިގަތެވެ.

* * * *

ނާވީގެ އެނދުގައި އޮށޯވެލައިގެން އޮތް ޖިޔާ ރޭހަތަރުދަމު އޮތީ ހޭލައެވެ. އޭނާގެ ސިކުނޑިވަނީ ހާސްވެ ކެތްތެރިކަން ކުޑަވެފައެވެ. ދުނިމައްޗަށް އަލިވެލިތަން ފެނި ފުންމައިގެން އެނދުން ތެދުވެގެން އައިސް ބެލްކަންޏަށް ނުކުމެ ދިމާ ކުރިމަތިން ކަހަލަ ގޮތަކަށް ފެންނަން އޮތް ޕާކަށް ބަލާލިއެވެ. ރޭގަނޑު އަނދިރިކަމަށްވުރެ ދުވާލުގެ އެފަނޑު އަލިކަމުގައިވެސް ފެންނަލެއް ސާފެވެ. ކޮރާލުމާއިއެކު ޕާކުގެތެރެ ޖިޔާ ހޯދަން ފެށިއެވެ. އެވަގުތު ޕާކުގެ ބޮޑުގަހާއި ދިމާލަށް ހުންނަ ހިލަގޮނޑި ކައިރީ މަޑުކޮށްލި ޒުވާނާ ބޮލުގައި އަތްފުނާ އަޅާލުމާއިއެކު ޖިންސުގެ ޖީބަށް އަތްޖަހާލަމުން ޕާކުން ނުކުންނަން ހިނގައިގަތެވެ. މަގުމައްޗަށް އޭނާ ނުކުންކަން އެނގި ޖިޔާއަށް ފެންނަން ދެން މަޑުކޮށްލައިގެން ހުއްޓެވެ. އެއީ ކާކުކަން ސާފުކޮށް ވަކިކުރަން އެނގުމާއިއެކު މަޑުއާހަކާއިއެކު ޖިޔާއަށް އަނގަމަތީ އަތްއަޅާލެވުނެވެ. އެޒުވާނާ މަޑުކުރުމެއްނެތި ކުރިއަށް ހިނގަމުންދާން ފެށުމުން ބެލްކަނިން ބޭރަށް ޖިޔާއަށް އަތްދިއްކޮށްލެވުމާއިއެކު ގޮވަން އުޅުނެވެ. ނަމަވެސް ގޮވާނީ ކޮންނަމަކުން ކަމެއް އޭނާއަކަށް ނޭނގުނެވެ. އަވަސް އަވަހަށް އޭނާގެ ހެދުންލާފައި އޮތް ކޮތަޅު ހިފައިގެން ނާވީގެ ކޮޓަރިން ބޭރަށް ނުކުތެވެ. އޭރު ނަސީބަކުން ސޯފާގައި ނިދާފައި އޮތް ނާވީއަށް ނުހޭލެވެ އެވެ. އެހެންވެ ސިއްރު ފިޔަވަޅުތަކެއް އަޅަމުން ޖިޔާ އައިސް އެޕާޓްމެންޓުގެ ދޮރު ހުޅުވާލިއެވެ.

“ޖިޔާ…” ބޭރުން އެތެރެއަށް ވަންނަން އައިސް ހުރި ފުއާދަށާއި ޖިޔާއަށް ދޮރު ހުޅުވާލެވުނީ އެކުއެކީއެވެ. ޖިޔާ ފެނުމުން ހައިރާންވެފައި ފުއާދަށް ގޮވާލެވުނެވެ. އޭނާ އެއައީ ކުޑަހިފައިގެން ފަތިސް ނަމާދަށް މިސްކިތަށްގޮސްފައެވެ. އަބަދުވެސް ގެއަށް އަންނާނީ އަލިވީމައެވެ.

“ރޭގަ ވިއްސާރަކަމުން ގެއަށްވެސް ނުދެވުނު ދޯ، މަންމަ މިހާރު ހުންނާވީ ވަރަށް ކަންބޮޑުވެފައި ކަންނޭނގެ، ނާވީއަށް ނުގޮވަންތަ، އޭނާ އެހެން އޮވެދާނެ ނިދަން ކިތަންމެ އިރަކުވެސް” ފުއާދު އެތެރެއަށް ވަންނަމުން ބުނެލިއެވެ. ހިތްއަވަސްވެފައި ހުރި ޖިޔާ ގަދަކަމުން ހީނލިއެވެ.

“ރަނގަޅުވާނެ، ނާވީ ނިދީ ވަރަށް ލަހުން، ޓެކްސީއެއް ނަގައިގެން ގެއަށް ހިނގައިދާނަން” ޖިޔާ މިހެން ބުނީވެސް އަވަހަށް ބޭރަށް ނުކުންނަން ބޭނުންވެފައި ހުރިވަރުންނެވެ.

“އެގޮތް ކަމަކުނުދާނެ، ޖިޔާގެ ޢާއިލާ މީހުން އަހަރުމެންނާއިމެދު އޭރުން ދެކޭނީ ކިހިނެއް، ތީ މިހާރު މިގޭ ވެސް ކުއްޖެކޭ، ނާވީ ޖެހޭނެ ޖިޔާ ގެންގޮސް ގެއަށް ލާދޭން، ޖިޔާއަށް ގޮވާލަން ނުކެރެންޏާ ބައްޕަ ގޮވާލަފާނަމޭ، ނާވީ އެހާ ނިދިގަދައެއް ނުވާނެ” ފުއާދު މިހެންބުނެފައި އައިސް ސޯފާގައި އޮތް ނާވީއަށް ގޮވިއެވެ. އޭނާ ނިދިއައިސްފައި ހުރެވެސް ތެދުވިއެވެ. ޖިޔާ އެތަނުގައި ހުއްޓާ ފެނުމުން ކުއްލިއަކަށް އޭނާގެ ލޮލުން ނިދިވެސް ފިލައި ދިޔަކަހަލައެވެ.

“ޖިޔާ އެކަނި ގެއަށް ދާން އެއުޅެނީ، ނާވީއަށް ގޮވަން ނުކެރިގެންހެން ބައްޕައަށް ހީވަނީ އެހުންނަނީ، ދޭބަލަ އޭނާ ގެންގޮސް ގެއަށްލާން، މިހާރު ޖިޔާގެ މަންމަ ހުންނާނީ ވަރަށް ކަންތައްބޮޑުވެފައި، އަނެއްކާ ކުޑަކުޑަ ކުއްޖެއް ގެންގުޅޭއިރު ދަރިފުޅާ ވަކިން އައިސް ހުންނާކަށް ފަސޭހައެއްނުވާނެ، އަވަހަށްދޭ، މޫނުދޮވެލައިގެން ޖިޔާ ގެންގޮސް ގެއަށްލާފައި އާދޭ” ފުއާދު އޯގާތެރިކަމާއިއެކު ވާހަކަދެއްކިއެވެ. ޖިޔާއަށް އިތުރަށް ބުނާނެ އެއްޗެއް ހަދާނެ ގޮތެއް ނޭނގުނެވެ. ފާޑަކަށް ހައްޔަރުވެފައި ހުރި ފަދަގޮތަކަށް އޭނާ ހުރީ ގުޑިލަންވެސް ނުކެރިފައެވެ. އަނެއްކޮޅުން އޭނާގެ މޭގައި ތެޅެމުންދިޔަ ހިތަށް ކުޑަވެސް ހަމަޖެހުމެއް ނުލިބެއެވެ. އެހިތްވަނީ އަވަސްވެފައެވެ. ދަރިފުޅުގެ ބައްޕަ އާއި ބައްދަލުކުރަން ދާން ބޭނުންވެގެންނެވެ.

ނާވީ އާއިއެކު ގެއަށް ދިޔަ މަގުމަތީގައި ޖިޔާއަށް ވަށައިގެން ހޯދެނީއެވެ. މާގިނަ ވާހަކައެއް ނާވީ އަކާއި ނުދައްކައެވެ. ނާވީވެސް ޖިޔާއަށް ވެގެން އުޅޭގޮތެއް އޮޅުން ފިލުވަން ބޭނުންވިއެވެ. ނަމަވެސް ރޭގައި ވީ ކަންތައްތައް ހަނދާނަށް އައުމުން ސުވާލުކުރުމުގެ ޚިޔާލު ދޫކޮށްލީއެވެ. ރޭގައިވެސް ނާވީ އެތައް ސުވާލެއް ޖިޔާ އާއި ކުރި އެވެ. ނަމަވެސް ޖިޔާގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުނެވެ. އޭނާ މަޑުމަޑުން ހުރެ ޖިޔާ އާއި އެއްވަރަށް ހިނގަމުން ދިޔައެވެ. ނާވީވެސް ވަނީ ހާސްކަމެއްގެ ތެރޭގައެވެ. ކައިވެނި ކުރަން އެހާ ކައިރިވެފައި ވަނިކޮށް ޖިޔާ ޚިޔާލުބަދަލުވެދާނެއޭ އޭނާގެ ހިތަށް އަރަނީއެވެ. ހިތާ ހިތާ އެހެންނުވޭތޯ އޭނާއަށް ދުޢާކުރެވުނު އަދަދުވެސް ނޭނގެއެވެ. ޖިޔާގެ ގެއާއި ހަމައަށް އާދެވުމުން ނާވީ އޭނާ އާއިއެކު އެތެރެއަށްވަނެވެ. އަދި އެޕާޓްމެންޓާއި ހަމައަށް ގެންގޮސްދިނެވެ.

އެޕާޓްމެންޓުގެ ބެލްޖެހިއަޑަށް ޝާކިރާ އައިސް ދޮރުހުޅުވިއެވެ. އޭރު އޭނާގެ ކުރިމަތީގައި ނާވީ އާއި ޖިޔާ ތިއްބެވެ.

“ވާރޭ ވެހޭވަރުން ޖިޔާ ގެއަށް ނުގެނެސްދެވުނީ، އެކަމާ މާފަށް އެދެން” ޝާކިރާ ބަލާލުމުން ނާވީ އަވަސް އަވަހަށް ބުނެލި އެވެ. އެކަމަށް ޝާކިރާ އެއްވެސް އެއްޗެއް ނުބުންޏެވެ. ޖިޔާ ވަނުމަށް ތަންދެއްކުމުގެ ގޮތުން އޭނާ އެއްފަރާތަށް ޖެހިލި އެވެ.

“ދަނީ” ޖިޔާ ނާވީއަށް ބަލާލާފައި ބުންޏެވެ. ނާވީ ބޯޖަހާލާފައި އެނބުރި ދާން ހިނގައިގަތެވެ.

“ދަރިއަކު އޮންނަކަން ޖިޔާ ވިސްނާލަންވާނެ ކަންނޭނގެ” ޝާކިރާ މިހެން ބުނެލިއިރު އަޑުގައި ރުޅިވެރިކަމެއްނެތެވެ.

“މަންމާ، އަހަރެން ގަސްދުގައި ނައިހެއް ނުހުންނާނެ އެންނު، އެހެންނޫނަސް ކައިވެނީގެ ކުރިން ފިރިހެންކުއްޖާގެ ގޭގައި ހޭލާ ހުންނަން ދިއުމަކީ ހުތުރު ކަމެއްކަން އަހަންނަށްވެސް އެނގެޔޭ، ރޭގަ އެހާ ބޯކޮށް ވާރޭ ވެހުނީމަ ޓެކްސީއެއްވެސް ނުލިބުނީ” ޖިޔާ ބުންޏެވެ.

“ހޫމް ދެން އެންމެ ރަނގަޅޭ، ތި އަތްފައި ދޮވެގެން އިޝްވާ އާއި ގާތްވާނީ” ޝާކިރާ މިހެން ބުނެ އެތެރެއަށް ހިނގައިގަތީ އެވެ. ޖިޔާ އަވަސް އަވަހަށް އައިސް ކޮޓަރިއަށް ވަންނަން އުޅުނު އިރު ދޮރުހުރީ ހުޅުވާފަ އެވެ. ޝާކިރާ އެނިކުތީ އެކޮޓަރިންކަން ޖިޔާއަށް އެނގުނީ ދެނެވެ. އެހެންވީމަ ރޭ ހަތަރުދަމު އޭނާގެ ދަރިފުޅު ގާތު މަޑުކުރީ ޝާކިރާ ތާ އެވެ. ކޮޓަރިއަށް ވަނުމާއިއެކު ދޮރުލައްޕާ ތަޅުލާފައި ޖިޔާ ވަނީ ފާޚާނާއަށެވެ. ފެންވަރާލައިގެން ނުކުމެ ކުޑައެނދުގައި އޮތް ދަރިފުޅަށް ބަލަން ފެށި އެވެ. ފެންވަރާ ލެވުމުން އޭނާގެ ސިކުނޑި ހުރީ ކޮންމެވެސް ވަރަކަށް ހަމަޖެހިފައެވެ. އެގޮތަށް މާގިނައިރަކު ކެތެއްނުވި އެވެ. ނިދިފައި އޮތް ދަރިފުޅު ނަގާ މޭގައި ބޮނޑިކޮށްލުމާއިއެކު އައިސް ބޮނޑު އެނދުގައި އޮށޯވެއްޖެވެ. ދަރިފުޅުގެ މޫނުގެ އެތަންމިތަނަށް ޖިޔާ ބޮސްދެމުންދިޔަ އެވެ.

“އެއީ ދަރިފުޅުގެ ބައްޕައޭ… މަންމަ ހޯދަން ދަރިފުޅުގެ ބައްޕަ މަސައްކަތް ކުރާކަން ރޭގައި މަންމައަށް އެގިނޖެއް، އެކަމަކު ބައްޕަ އެއައީ ކިހާ ނުބައި ވަގުތަކު” ޖިޔާ، އިޝްވާއަށް ބަލަހައްޓައިގެން އޮވެ މަޑުމަޑުން ވާހަކަދެއްކި އެވެ.

“ދެން ނޭނގެ ބައްދަލުވާނެ ކަމެއްވެސް، ދަރިފުޅުގެ ބައްޕަ ހުއްޓައި، ބައްޕައަކު ހޯދާދޭން މަންމަ މަސައްކަތްކުރުމުގެ ނަތީޖާ ކަންނޭނގެމީ، އެކަމަކު ނާވީ ބައްޕައަކީ ދަރިފުޅަށް ނުބައިވާނެ ބައްޕައެއްނޫން، ދަރިފުޅު ދެކެވެސް މަންމަދެކެވެސް ނާވީ ވަރަށް ލޯބިވޭ، އޭނާގެ ލޯބީގައި ކޮޅުފައިޖަހާފައި ދާހާ ރަހުމްކުޑައެއްނޫން ދަރިފުޅުގެ މި މަންމަ، އެހެންވިޔަސް ދަރިފުޅުގެ ބައްޕަ ފެނުމުން މި މަންމައަށް ވާގޮތް ބުނެދޭނީ ކިހިނެއްކަމެއްވެސް ނޭނގެ، މިހާރު އެނގޭ، އޭރު ދަރިފުޅުގެ ބައްޕަ، މަންމަ ހޯދަން ނައީ ކޮންމެވެސް ސަބަބަކާއި ހުރެކަން، އެ ސަބަބަކީ ރަނގަޅު ސަބަބަކަށް ނޫނީ ނުވާނެ، ދަރިފުޅުގެ ބައްޕައަކީ ގޯސްމީހެއްނޫން، ކުޑަކުޑަ ވަގުތުކޮޅަކަށްވިޔަސް މަންމައަށް ލޯބި ދިން އިންސާނަކީ އެއީ، އަބަދުވެސް މިހިތުގައި ޚާއްޞަ މަގާމެއް ދެވިފައި ވާނެ، އެކަން ދުވަހަކުވެސް ބަދަލެއް ނުވާނެ” ފެންކަޅިވެފައި އޮވެ ޖިޔާ ބުންޏެވެ. މިއަދު އޭނާއެކޭ ދެކަފިވެފައި އޮތް މަގު ގުޅޭތަނުގައި މަޑުކޮށްލައިގެން ހުރި މީހެއް ފަދަ އެވެ. ދެމަގުންވެސް ދާން ބޭނުމެވެ. އެއްފަރާތުގައި ދަރިފުޅުގެ ބައްޕަ އެވެ. އަލަތު ލޯތްބެވެ. އަނެއްފަރާތުގައި އެކަނިވެރިކަން ފިލުވައިދިން ތެދުވެރި ބައިވެރިޔާ އެވެ. ކޮންމެ ހާލެއްގައިވެސް ޖިޔާ އާއި ގުޅެން އޭނާ ހުރީ ތައްޔާރަށެވެ. ހަފްތާއެއްގެ ތެރޭގައި ކައިވެނި ކުރެވޭނެ އެވެ. ދިރިއުޅުން ބާއްޖަވެރިވެގެން ދާނެކަމުގެ ޔަޤީންކަން އެބައޮތެވެ.

* * * *

އީސަ ބުނިގޮތަށް ޒުހޭރާ ކަންތައްކުރަމުންދިޔަ އެވެ. ފުރަތަމަ ރޭގައި ދޭންވާ ވަރަށް ރިހާމަށް އޭނާ ފެންދިނެވެ. ޞޮފާއަށް ހަޤީޤަތް އެނގިއްޖެއްޔާ ވަރަށް ބޮޑަށް ހިތްހަމަނުޖެހޭނޭކަން އެނގޭތީވެ، އޭނާއަށްވެސް ޒުހޭރާވަނީ އޮޅުވާލަފަ އެވެ. އީސަ ބުނިހެން ފެންފޮދު ބޯންދިނީ ޞޮފާގެ އަތުންނެވެ. މެންދަމުންއަލިވެ ފަތިސްވާއިރުވެސް ރިހާމު އުޅެނީ އެގޭގައިވިއްޔާ އެވެ. ވީއިރު އޭނާއަށް އެއްޗެއް ދިނުމަކީ ޒުހޭރާއަށް އުނދަގޫ ކަމަކަށް ވާނެހެއްޔެވެ.

އެހެން ރޭ ރެޔާއި ޚިލާފަށް ރޭގައި ރިހާމަށް ވަރަށް ފުން ނިންޖަކުން ނިދުނެވެ. ހޭލެވުނީ ހެނދުނެވެ. ތެދުވިއިރު އޭނާ ހުރީ ވަރަށް ހަމަޖެހިފައެވެ. އޭރު ޞޮފާ ފެންވަރާލައިގެން ނުކުމެ ރީތިވާން ކޮޓަރިތެރޭގައި އުޅެ އެވެ.

“މޯނިންގ ޑަރލިންގ، ހާދަ ފްރެޝްއޭ” ރިހާމު ތެދުވެ އެނދުގައި އިށީންނަމުން ރީތިވާ މޭޒުކައިރީ އިށިން ޞޮފާއަށް ބުނެލި އެވެ.

“މޯނިންގ” ޞޮފާ ލޯގަނޑަށް ބަލަހައްޓައިގެން އިނދެ ބުނެލި އެވެ.

“މިއަދު އަހަންނާއިއެކު ދޯ އޮފީހަށް ދާނީ” ރިހާމު އެހެންޏާ ނުބުނާއެއްޗެއް ބުނުމުން ޞޮފާ ހައިރާންވެފައި ރިހާމަށް ބަލާލެވުނެވެ. ރިހާމަށް އޭނާއަށް ބުނެވުނު އެއްޗެއް އެނގުނުހެން ޞޮފާއަށް ހިޔެއްނުވި އެވެ.

“ރިހާމު، ހުރިހާކަމެއް ރަނގަޅުތަ” ރިހާމުގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިނދެފައި ރިހާމު ފާޚާނާއަށް ވަންނަން އުޅުމުން އަހާލި އެވެ.

“ހޫމް، ހުރިހާކަމެއްވެސް ރަނގަޅު، މިއަދުމީ ވަރަށް ރަނގަޅު ދުވަހެއް، އަހަރެން ނުކުންނަން ވާއިރަށް އޮފީސް ހެދުމެއް ތައްޔާރުކޮށްލައްޗޭ” ރިހާމުގެ އަޑުގައިވެސް ތަފާތުގޮތެއް ހުރިކަން ޞޮފާއަށް ފާހަގަވި އެވެ.

ރިހާމުގެ ބައެއް ހެދުން ޞޮފާގެ އަލަމާރީގައި ބަހައްޓާފައި ހުރެއެވެ. އާދައިގައި އުޅޭއިރު ލާން ބޭނުންކުރާ ހެދުންތަކުން ފެށިގެން އޮފީހަށް ނުކުންނައިރު ލާފައި ހުންނަ ހެދުންތައްވެސް އެއަލަމާރީގައި ހުއްޓެވެ. ރީތިވާ މޭޒު ދޮށުގައި އިން ޞޮފާ އިސްތަށިގަނޑު އޮފީސް މާހައުލާ ގުޅޭނޭފަދަ ގޮތަކަށް ސްޓައިލްކޮށްލުމާއިއެކު ތެދުވެ އިސްތިރިކުރާ މޭޒު ހުޅުވާލިއެވެ. ރިހާމު ފާޚާނާއިން ނުކުންނަން ވާއިރަށް އޭނާ އޮފީހަށް ލައިގެން ދާނޭ ހެދުން ތައްޔާރު ކުރުމުގެ މަސައްކަތް ފެށިއެވެ.

ރިހާމު ރޭގައި ނިދަން ނައީތީ ޝޫޒާ ކަންބޮޑެއް ނުވެއެވެ. އެއީ ރިހާމުގެ އާދައެއްވީމައެވެ. ނަމަވެސް އޭނާ ކަންބޮޑުވީ ހެނދުނު އޭނާ އޮފީހަށް ލާންދާން ރިހާމު ނައީތީއެވެ. ގުޅީމާ ފޯނެއްވެސް ނުނަގައެވެ. ހިތްހަމަނުޖެހިފައި ހުރި ފަދަ ގޮތަކަށް ތުންކޮޅު އަނބުރާލުމާއިއެކު ޝޫޒާ ގެއިން ނުކުތީ ކާރުގެ ތަޅުދަނޑި ހިފައިގެންނެވެ. މިއަދު އޭނާއަށް އޮފީހަށް ދާންޖެހުނީ އަމިއްލައަށް ކާރު ދުއްވާފައެވެ. އޭގެ އިތުރުން އޭނާއަށް އޮފީހަށް ވަދެވުނީވެސް އެހެންޏާ ވަންނައިރަށްވުރެ ފަނަރަވަރަކަށް މިނެޓު ފަހުންނެވެ. ހެނދުނުގެ އެވަގުތަކީ އޮފީސްތަކަށް މީހުން ދާގަޑިއަށްވެފައި ޕާކިން ޒޯންތައް ވަނީ ފުނިޖެހިފައެވެ. ކާރު ބާއްވާލާނޭ ތަންކޮޅެއް ލިބުނީ އޮފީހާ ވަރަށް ދުރުންނެވެ. އަރާފައި ހުރި އުސްބޫޓުގައި ހިނގާފައި އައިސް އޮފީހަށް ވަންނަން ޖެހުމުން ޝޫޒާއަށް ހުރީ ވަރަށް އުނދަގޫވެފައެވެ. އެހެންޏާ ކޮންމެ ދުވަހަކުވެސް ރިހާމު، އޭނާ ގެނެސް ބާލުވަނީ އޮފީސް ދޮރުމައްޗަށެވެ. ކާރުން ފައިބާ ގޮތަށް ވަންނަންޖެހެނީ އޮފީހަށެވެ. މާލޭގެ އަޑިގުޑަން މަގުތަކުގައި އިސްކައްޓަކަށް އަރައިގެން ހިނގުމަކީ އެންމެ ފަރިތަ އަންހެން ކުއްޖާއަށްވެސް ފަސޭހަކަމަކަށް ނުވާނެކަން ޔަޤީނެވެ.

ހިނިއައިސްފައި ތިބެ އޮފީހަށް އައިސް ރިހާމާއިއެކު ޞޮފާވެސް ވަނެވެ. މިއަދު ޞޮފާގެ މޫނުމަތިން ހިތްހަމަޖެހިފައި ހުރިކަމުގެ ކުލަވަރު ފެންނަމުން ދިޔައެވެ. އޮފީހަށް އައިސް ވަންނަމުން ދިޔަ ސްޓާފުންގެ ނަޒަރުތައް އެދެޒުވާނުންނަށް އަމާޒުނުކޮށް އެހެންދިމާލަކަށް އަނބުރައެއްނުލައެވެ. ކޮންމެ މީހެއްގެ ތުންފަތަށް ވެރިވެގެން ދަނީ މާނަފުން ހިނިތުންވުމެކެވެ. އެއީ މަލާމާތުގެ ހިނިތުންވުމެއްކަމެއް ނޫނީ ދިމާކުރުމުގެ އަސަރު އެކުލެވިފައިވާ ހިނިތުންވުމެއްކަން އެނގޭނީވެސް ޚުދު އެމީހަކަށެވެ. ޔަޤީނުންވެސް އެކުގައި އުޅޭ ސްޓާފުންގެ ނަޒަރުގައި ޞޮފާއަށް ކުރެވޭ ޤަދަރުވަނީ ކުޑަވެފައެވެ. އެކަމަކު އެއީ އެއްވެސް އިރެއްގައި ޞޮފާގެ ސަމާލުކަން އެކަމަކަށް ދެވުނު ކަމެއްނޫނެވެ.

* * * *

ސިޓިން ރޫމުގައި ތަސްބީހައެއް ހިފައިގެން އިން ތަހުމީނާގެ ލޮލުގައި ގޭތެރެއަށް ވަން ޒުކަން އަޅައިގަތެވެ. ހައިރާންވެފައި ޒުކަންއަށް ގޮވާލުމާއިއެކު އޭނާގެ ހަނދާނަށް އަހަރުތަކެއް ކުރީގެ މަންޒަރެއް ސިފަވެގެން ދިޔަހެން ހީވިއެވެ.

“ވާރެޔާ ތެމުނީތަ، ކިހިނެއްވެފައި ތިހިރީ، ޒުކަން… ކަމެއް ދިމާވީތަ” ޒުކަންގެ މޫނުމަތިން ފެނިގެން ދިޔަ މާޔޫސްކަމާއިއެކު އޭނާ ހުރި ގޮތް ފެނުމުން ތަހުމީނާއަށް އަހާނުލާ ނީނދެވުނީއެވެ. ޖަވާބެއް ދިނުމުގެ ބަދަލުގައި ޒުކަން ދެފަރާތަށް މަޑުމަޑުން ބޯހޫރާލާފައި ހަލުވިކޮށް އައިސް އޭނާގެ ކޮޓަރިއަށް ވަނެވެ. އޭރު އިބާ ކުޑަދަރިފުޅު އުރާލައިގެން ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. އޭނާއަށްވެސް ޒުކަން ފެނި ލިބުނީ ހައިރާންކަމެކެވެ. އިބާއަށް ފަތިހު ހޭލެވުނު އިރު ޒުކަން ގާތުގައި ނެތުމުން އެކަމާ ސުވާލު އުފެދިފައި ވެއެވެ. ޒުކަން އަކީ އޭނާގެ ފޯނު ނުލާ ބޭރަށް ނުކުންނަ މީހެއް ނޫނެވެ. ނަމަވެސް ރޭގައި އޭނާ ދިޔައީ ފޯނު ނުލައެވެ. އިބާއަށް އޭނާއަށް ގުޅޭގޮތްނުވީވެސް އެހެންވެއެވެ.

ޒުކަން، އިބާއަށް ބަލާލާފައި އިސްޖަހާލަމުން އައިސް ވަނީ ފާޚާނާއަށެވެ. ލައްޕާލި ދޮރާއިއެކު ފުންނޭވާއެއް ޒުކަންއަށް ބޭރުކޮށްލެވުނެވެ. ސިކުނޑިއަށް ލިބިފައިވާ ހާސްކަން ފިލުވާލުމަށް ކުރިކަމެއްހެން ހީވެއެވެ. ނަމަވެސް ހިތަށްވާގޮތެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. މަޑުރިހުމެއް އެހިތަށް އިޙްސާސްވަމުން ދިޔައެވެ. ބޭނުންވިނަމަވެސް އެހިތް އެދޭގޮތަށް ހުރިހާ ކަމެއް ނުވާނެކަން ޒުކަންއަށް އެނގެއެވެ. ނިތްކުރީގައި ދެއަތުން ހިފާއްޓާލިގޮތަށް ފާޚާނާ ތެރޭގައި އިށީނދެވުނެވެ.

“ޒުކަން” އިބާ އައިސް ފާޚާނާ ދޮރުގައި ޓަކިދެމުން ގޮވާލީ، ޒުކަން ފާޚާނާއިން ނުނިކުމެ ލަސްވާތިއެވެ. ނަމަވެސް ޒުކަންގެ ފަރާތުން އެއްވެސް ހިލަމެއްނުވިއެވެ. އިރުކޮޅަކު މަޑުކޮށްލާފައި އަނެއްކާވެސް އިބާ، ޒުކަންގެ ނަމުން ގޮވާލައިފިއެވެ.

“ކިހިނެއްވީ” މަޑުމަޑުން ދޮރު ހުޅުވާލަމުން ޒުކަން އަހާލިއެވެ.

“ފާޚާނާގައި މާގިނައިރުވީމަ ގޮވާލެވުނީ” ކުޑަކޮށް ހުޅުވާލާފައި ހުރި ދޮރުގެ ދޭތެރެއިން ޒުކަން ފެނުމުން އިބާގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ.

“ފެންވަރާލައިގެން މި ނުކުންނަނީ” ޒުކަން މިހެން ބުނެ ފާޚާނާގެ ދޮރުލައްޕާލިއެވެ.

“ޒުކަންއަށް ކިހިނެއްބާވީ، ގަޑިއެއްހާއިރު ފާޚާނާގައި ވީއިރު އަދިވެސް އެހުރީ ފާޚާނާއަށް އައިސް ވަންގޮތަށް، އެއްޗެހިވެސް ނުބާލާ، މީހާ އެހުރި އެއްކޮށް ތެމި ފޯވެފައި، ރޭގައި ޒުކަން ކޮންތާކަށްބާ ދިޔައީ، އަހަންނަށް ހޭލެވުނު އިރު ފަތިސް ނަމާދަށް އޭރު އަދި ނުގޮވާ، ހަމަގައިމުވެސް ޒުކަން ގެއަކުނެތް… ސުވާލުކުރަންވީބާ، ނޫން، އޭރުން ޒުކަން ހިތްހަމަނުޖެހިދާނެ، ފަހަރެއްގައި ހަމަޖެހިލައިގެން ވީގޮތް ކިޔައިވެސް ދީފާނެ، ޒުކަން އަހަންނާ ހުރިހާ ކަމެއް ޚިއްޞާކުރާނެ، ދަރިފުޅު ލިބުނުފަހުން ޒުކަން ވަކިންބޮޑަށް އަހަރެންދެކެ ލޯބިވާކަން އެނގޭ” އިބާ ހިތްހަމަޖައްސާލަން މަސައްކަތް ކުރިއެވެ.

* * * *

ދުވަސްތައް އޮޅެމުންދިޔަ ސާލެއްހެން މާޒީ އާއިއެކުވަމުންދިޔައެވެ. ދުވަހަކަށްވުރެ ދުވަހެއް ރިހާމަށް އަންނަ ބަދަލާއިމެދު ޞޮފާ އައީ ހިތްހަމަޖެހެމުންނެވެ. ހަޤީޤަތް ނޭނގިހުރެއެވެ. އޭނަގެ ހިތުގައި ރިހާމުގެ މައްޗަށްވާ ލޯބި ވެސް ދިޔައީ އިތުރުވަމުންނެވެ. ނަމަވެސް މިރޭ ޞޮފާއަށް ލިބުނު ފަދަ އުފާވެރިކަމެއް އޭނާގެ މުޅި އުމުރުގައިވެސް ނުލިބެއެވެ. މުޅި ދުވަހު ރިހާމާއިއެކު އުޅުމަށްފަހު ޞޮފާ ގެއަށް އައީ ރޭގަނޑު ނުވައެއް ޖަހަނިކޮށެވެ. އޭރު ޓީވީ ބަލަން ޒުހޭރާ އިނެވެ. އޭނާއަށް ގޮވާލުމާއިއެކު އުފަލުން އައިސް ޒުހޭރާގެ ގާތުގައި ޞޮފާ އިށީނެވެ.

“ހާދަ އުފަލުން ހުރިހެން ހީވެޔޭ، އެހެންނޫނަސް މިރޭ ބާރަ ޖެހުމުގެ ކުރިން އުފާވެރި ޚަބަރެއް ލިބިދާނެހެން މަންމައަށް ހީވެފައި މި އިންނަނީ” ޒުހޭރާ ހިނިތުންވެލަމުން ބުނެލިއެވެ.

އެއީތެދެކެވެ. އީސަ ގާތަށް ގޮސް ކުރި ކަންތަކަށް ހަތްދުވަސް ވެ ނިމޭނީ މިރޭ ބާރަޖަހާއިރަށެވެ. އެހާތަނަށް ރިހާމުގެ ފަރާތުން އިޝާރާތެއް ވާނެކަމުގައި އީސަވަނީ ބުނެފައެވެ. ޞޮފާ ފެނިފައި ޒުހޭރާގެ ހިތްބުނީ އޭނާ އިންތިޒާރުކުރަމުން އައި ޚަބަރު ލިބެން އުޅެނީ ކަމުގައެވެ. ވީވެސް އެހެންނެވެ. ޞޮފާ ވަރަށް ހިނިއައިސްފައި އިނދެ ރިހާމު އިންނަން އެހިވާހަކަކިޔައިދިނެވެ.

“އަހަންނަށްވެސް ފުރަތަމަ ޤަބޫލުކުރަން ދަތިވި، ޝޫޒާ ހުއްޓާ ރިހާމު އަހަންނާ އިނދެފާނެ ކަމުގައި އެއްފަހަރުވެސް ހިތަށްނާރާ، އަބަދުވެސް ޝޫޒާ ހިތްހަމަޖެހޭ ގޮތަށް ކަންތައްކުރަން ރިހާމު ބޭނުންވާނީ، އެހެންވީމަ ޤަބޫލެއްވެސް ނުކުރެވޭނެ އެންނު، އެކަމަކު މަންމާ، ބަލާބަލަ، މިއަނގޮއްޓި ރީއްޗެއް ނޫންތަ، މީ މިރޭ ރިހާމު އަހަރެންގެ އިނގިލީގައި އަޅުވައިދިން އަނގޮއްޓިއެއް، ބުނީ ވަރަށް އަވަހަށް އަހަންނާ ކައިވެނި ކުރަން ބޭނުންވާކަމަށް، އިތުރަށް އެންމެ ދުވަހަކުވެސް ދެން ކައިވެނިނުކޮށް ނުހުރެވޭނެކަމަށް، އަހަރެން ބޭނުންނަމަ މާދަމާ ރޭ ރަންކިޔަން ފޮނުވާނަމޯ” ޞޮފާ އުފަލުން ހީވަނީ އުދުއްސައިގަނެދާނެހެންނެވެ.

“ހަމައަސްލުވެސް، އެހެންވީމަ މީހުން އެބުނަނީ ތެދެއްތާ، އީސަ ހަމަ މޮޅީ” ޒުހޭރާ ލިބުނު ކާމިޔާބުން ބޯޖަހާލާފައި ބުނެލިއެވެ.

“މަންމަ ކީކޭ ތިކިޔަނީ، އަހަރެން މިދައްކަނީ ރިހާމުގެ ވާހަކައޭ” ޒުހޭރާ ބުނިއެއްޗަކުން ހައިރާންވި ޞޮފާ އަހާލިއެވެ.

“ހޫން، އެއީ ދެން އެހެންވާހަކައެއް، ދެން ބުނެބަލަ، ދަރިފުޅު ކީކޭތަ ބުނީ، އާނއެކޭ ބުނިންތަ” ޒުހޭރާ އަވަސް އަވަހަށް ޞޮފާގެ ވާހަކައަށް ސަމާލުވެލަމުން ބުނެލިއެވެ.

“އާނއެކޭ އެންނު އަހަރެން ބުނާނީ، މާދަމާ ރޭ މީހުން ފޮނުވައިފިއްޔާ ރަންކިޔާނަމޭ ބުނިން” ޞޮފާ ދަތްތައް ފެންނަވަރަށް ހިނިއައިސްފައި އިނދެ ބުނެލިއެވެ.

“ވަރަށް ރަނގަޅު، އެކަމަކު ބުނަން، ކުޑަކުޑަ އަގަކަށް ނޫން ރަންކިޔަންވާނީ، ރިހާމުގެ އެއްވިޔަފާރިގެ ޞޮފާގެ ނަންމައްޗަށް ބަދަލުކުރަން ވާނެ، އޭނާއަށް އެކަހަލަ ކަންތައްތައް އެއީ ބޮޑުކަމަކަށް ނުވާނެ” ޒުހޭރާ ވިސްނާލާފައި ބުންޏެވެ.

“ސާބަސް މަންމާ، ތިކަހަލަ ކަންތައްކުރަނިކޮށް ރިހާމު ޚިޔާލު ބަދަލުވެދާނެ، އެހެންނޫނަސް އަހަރެން ރިހާމުގެ ފައިސާ އާއި ހެދިއެއް ނޫޅެން” ޞޮފާއަށް ޒުހޭރާގެ ވިސްނުން ހުރިގޮތް ކަމަކު ނުދިޔައެވެ.

“އެއްފަހަރުވެސް މަންމަ ބުނާ ބަސް ޤަބޫލުކޮށްބަލަ، މިފަހަރު ދަރިފުޅު ބުނި ކޮންމެ އެއްޗެއްވެސް އޭނާ ދޭނެ، ޔަގީނުންވެސް ދަރިފުޅާ އޭނާ އިންނާނެ، އެހެންވީމަ ރިހާމުގެ ޚިޔާލުބަދަލުވެދާނެތީ ޞޮފާ ކަންބޮޑުނުވެބަލަ، މަންމަ މިދެނީ އެހާ ޔަޤީންކަން، ރިހާމުމެން ކަހަލަ މީހުންގެ ގޮތް މަންމައަށް ވަރަށް ރަނގަޅަށް އެނގޭ” ޒުހޭރާ މިހެން ބުނުމުން އެކަމާ ޞޮފާއަށް ވިސްނާލެވުނެވެ. އަހަރުތަކެއް އެކުގައި އުޅުމަށްފަހު ރިހާމު އިންނަން އެހީތީ އެއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ޞޮފާ ޤަބޫލުކުރެއެވެ. ރިހާމަށް އޭނާދެކެ ލޯބިވެވުނީ ކަމުގައި ޞޮފާއަށް ހީވިއެވެ. އެއާއިއެކު އަދިވަކިން އުފާވިއެވެ.

* * * *

ހިނިއައިސްފައި ހުރިނަމަވެސް ޖިޔާގެ ހިތާއި ސިކުނޑިވަނީ ނޭނގޭ ހާސްކަމެއްގެ ތެރޭގައެވެ. ބޮޑު ޕާޓީއެއް ބޭއްވުމަށް ޖިޔާ ދެކޮޅު ހެދިނަމަވެސް ކައިވެނި ހަފްލާ ކުޑައެއްނުވިއެވެ. މާލޭގެ މަޝްހޫރު ރެސްޓޯރެންޓުގެ އެއްބައިގައި ޕާޓީ އޮތްއިރު އެތަނަށް ވަންނަ މީހުންވެސް މަދެއްނޫނެވެ. ޒީޝާ، ނާވީގެ ދޮންތަ ނުހާ އާއިއެކު އުޅުނުއިރު އެމީހުންގެ ގާތުގައި ޝާކިރާ، އިޝްވާ އުރާލައިގެން އުޅެއެވެ. ދަންވަމުން ދާވަރަކަށް އިޝްވާގެ ރުޅިވެސް ގަދަވަމުންދިޔައެވެ. އޭނާގެ ބައްޕަ ނޫން މީހަކާ ޖިޔާ ކައިވެނިކުރާތިއެއްނޫނެވެ. އެހެންނަމަވެސް ނިދާގަޑި ފަހަނައަޅައި ދާތިއެވެ. ޝާކިރާ އެކުއްޖާ މަސަލަސް ކުރަން މަސައްކަތް ކުރިއެވެ. އޭނާ ވަރުބަލިވުމުން އެކަމާއިގެން އުޅުނީ ނުހާ އާއި ޒީޝާ އެވެ. ޒުހާ އުޅެނީ ޖިޔާ އާއި ނާވީގެ ގާތުގައެވެ. މެހެމާނުން ގެންނަ ޕާރުސަލުތަކުގައި ހިފުމަގައެވެ. ކޮންމެ މީހަކާ ސަލާމްކޮށްލުމާއިއެކު ޖިޔާ ހިނިތުންވެލައެވެ. ނަމަވެސް އޭނާގެ ނަޒަރު ގިނަފަހަރު އަމާޒުވެފައި ހުންނަނީ ދަރިފުޅާއި ދިމާލަށެވެ. ކައިވެނިކުރާ މީހުން ކައިވެނި ކޮށްދިނުމުން އެހިސާބުން ކައިވެނީގެ ކަންތައް ނިމުނު ނަމައޭ ޖިޔާގެ ހިތަށްއެރިއެވެ. އޭނާގެ ހަނދާނުގައި ހުރީ ރިހާމާއި ކައިވެނިކުރި ރޭގެ މަތިންނެވެ. އެރެ އާއި މިރެއާއި އެތަށް ކަމެއް ނުބައްދަލެވެ. ގާތުގައި ހުރި ނާވީގެ މޫނަށް ޖިޔާ ބަލާލިއެވެ. އެމޫނުމަތިން ފެނިގެންދިޔަ އުފާވެރިކަމުގެ ހިނިތުންވުން ޖިޔާގެ އުންމީދު އަލާކޮށްދިނެވެ. މުސްތަޤުބަލް އުޖާލާވާނެކަމުގެ ރަމްޒެއްކަމުގައިވިއެވެ.

“ކިހިނެއްވީ، ވަރުބަލިވީތަ” ޖިޔާ ބަލަހައްޓައިގެން ހުރިކަން ނާވީއަށް ފާހަގަވުމުން ބަލާލާފައި އަހާލިއެވެ. ޖިޔާ ކުޑަކޮށް ހިނިތުންވެލާފައި މަޑުމަޑުން ދެފަރާތަށް ބޯހޫރާލިއެވެ. މާގިނަ ވާހަކައެއް ދައްކާކަށް ދެމީހުންނަށް ވަގުތެއް ނުލިބުނެވެ.

ޕާޓީގައި ނާވީ އާއި ޖިޔާ ތިބިއިރު ހީވަނީ މޫދުގެ ރާޅުޖަހާހިސާބުގައި މަޑުކޮށްލައިގެން ތިބިހެންނެވެ. ޖިޔާގެ ރީތިކަން ވަކިން ރީތިވެފައި މީހުންގެ ލޯތަކުގައި އަޅައިގަތްލެއް ބޮޑެވެ. ތަޢުރީފުގެ ބަސްތައް އަޑުއިވުނުލެއް ގިނަވިއެވެ. ނާވީގެ ރަޙުމަތްތެރިންނަށް ޖިޔާ ފެނުމުން އެމީހުންނަށްވެސް ޖިޔާ ކަމުދިޔައެވެ. އެންމެނަށްވުރެ ޖިޔާގެ ރީތިކަމަށް ތަޢުރީފު ކުރި މީހަކީ ނާވީއެވެ. އޭނާއަށް މިރޭ ޖިޔާ ފެނުމުން އަނގައިން ބަސްހުއްޓުނެވެ. މިރޭ ޖިޔާ ކަނޑުޕަރީއެއްފަދަ އެވެ. އަންބެއްގެ ގޮތުގައި ޖިޔާ ބަލައިގަތްވަގުތުން ފެށިގެން ނާވީގެ ހިތުގެ ހިނގުން އަވަސްވެފައި ވެއެވެ.

އަލަތުދެމަފިރިންނާއި ދެފަރާތުގެ ޢާއިލާވެސް ކަވެނި ހަފްލާ ނިންމާފައި އައީ ނާވީ މެންގެއަށެވެ. ދެފަރާތުގެ ޢާއިލާ ސިޓިން ރޫމުގައި މަޑުކޮށްލައިގެން ތިބިއިރު ޝާކިރާގެ މޫނުމަތި އުދާސްވެފައިވަނީ ދަރިފުޅާއި މާމަދަރިފުޅާއި ދުރުވާންޖެހޭތީއެވެ. އޭރުވެސް އޭނާގެ އަތުގެތެރޭގައި އިޝްވާއޮތެވެ. ރޮއެރޮއެފައި ނިދިފައެވެ.

“ޖިޔާ މަންމާ، މީ މިހާރު މިގޭ ކުއްޖެއް، ދެރަވާނެކަމެއްނެތް، އަހަރުމެން ދެރަގޮތެއް ޖިޔާއަށްވިޔަކަ ނުދޭނަން” ނުހާއަށް ޝާކިރާގެ މޫނުފެނުމާއިއެކު އައިސް ޝާކިރާގެ ކޮނޑުގައި އަތްޖައްސާލާފައި ބުނެލިއެވެ.

“މިގޭގައި ޖިޔާ އުޅުނަސް މަންމަ ގާތަށް ޖިޔާ ދާނެޔޭ ދޯ” ފުއާދު ހިނިތުންވެލަމުން ބުނެލިއެވެ.

“ނާވީ ކަހަލަ ރަނގަޅުކުއްޖާ ޖިޔާގެ ކައިވެނި ކުރެވުނީތީ ހިތަށް ހަމަޖެހުން ލިބިއްޖެ، އަހަރެން ވަރަށް އިތުބާރުކޮށްފައި ނާވީ އާއި މިހަވާލުކުރީ ޖިޔާ، އޭނާގެ ދަރިފުޅަށް ރަނގަޅު ބައްޕައަކަށް ވާނެކަމަށް އަހަރެން އުންމީދުކުރަން، މިހާރު ވަރަށް ލަސް ވެސް ވެއްޖެ، އެހާ ގިނައިރު މިގޭގައި މަޑުކުރާގޮތަކަށް ނޫން މިއައީ، ތިދެކުދިންވެސް މިހާރު ތިބޭނީ ވަރަށް ވަރުބަލިވެފައި، މަންމަމެން ދާން މިދަނީ، ޖިޔާ، ދަރިފުޅު ރަނގަޅަށް އުޅެއްޗޭ” ޝާކިރާ ތެދުވުމުން ޖިޔާވެސް ތެދުވިއެވެ. އޭނާ އައިސް ޖިޔާ ގެނެސް ގަޔާއި ކައިރިކޮށްލީ މައިވަންތަކަމުން ފުރިގެންވި ފަދަ ގޮތަކަށެވެ. އަދި ޖިޔާގެ އަތަށް ތުއްތު އިޝްވާ ލާދިނެވެ. ޖިޔާ ޝާކިރާއަށް ބޯޖަހާލީ އޭނާ ބުނިއެއްޗަކަށް އާނއެކޭ ބުނުމުގެ ގޮތުންނެވެ.

“އިރާދަކުރެއްވިއްޔާ ދުވަހަކު ވެސް ޖިޔާ ދެރައެއް ނުކުރާނަން، އިޝްވާއަކީ އަހަރެންގެ ދަރިއެއްކަމުގައި ދެކެނީ، ރަނގަޅު ކުއްޖަކަށް ހެދުމަށްޓަކައި ވަރަށް މަސައްކަތްކުރާނަން” ނާވީ އައިސް ޖިޔާގެ ގާތުގައި މަޑުކޮށްލަމުން ޝާކިރާއަށް ބުންޏެވެ. ހިނިތުންވެލި ޝާކިރާ ފަހަތުގައި ތިބި ޒީޝާ އަށާއި ޒުހާއަށް ބަލާލިއެވެ. އޭނާ ހިނގައިގަތުމުން ޒީޝާ އާއި ޒުހާ އައިސް ޖިޔާގެ ގައިގާ އޮޅުލައިގަތެވެ. ދެންބެންވެގެން ޖިޔާ އާއި ވަކިމުގެ ސަލާމްކޮށްލާފައި ޝާކިރާ އާއިއެކު އެޕާޓްމެންޓުން ނުކުތެވެ. އެމީހުންނާއިއެކު ފުއާދު ދިޔައެވެ.

“ނާވީ، ދެން ދޭ ޖިޔާ ގޮވައިގެން ކޮޓަރިއަށް، ޖިޔާ ބޭނުމިއްޔާ ދޮންތަ ކޮޓަރީގައި މިރޭ އިޝްކޮ ބޭއްވިޔަސް އެންމެ ރަނގަޅު” ނުހާ ބޭނުންވީ ނާވީ އަށާއި ޖިޔާއަށް ވަގުތުދޭށެވެ.

“ރަނގަޅުވާނެ ދޮންތާ، އިޝްކޮއަށް އަދި މިގެ ވަރަށް އާވާނެ، އެހެންވީމަ ޖިޔާއަށް އޭނަ މިވަގުތު ބެލޭނީ” ނާވީ ހިނިތުންވެލަމުން ބުނެލިއެވެ. ނާވީ އެހެން ބުނީތީ ޖިޔާ ހިތްހަމަޖެހުނެވެ. އޭނާއަށް އިޝްވާ ފެންނަ ހިސާބުގައި ނެތިއްޔާ ނުނިދޭނެއެވެ. ނުހާ އޭނާގެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތުމާއިއެކު ނާވީ، ޖިޔާއަށް އިޝާރަތްކޮށްލީ އޭނާ އާއިއެކު އައުމަށެވެ.

ކޮޓަރިއަށް ވަދެވުނު އިރު އެތަނުގައި ވަނީ އައު ފަރުނީޗަރު ވައްދާފައެވެ. ކުރިން ހުރި އެނދަށްވުރެ ބޮޑު އެނދެއްވަނީ ބަހައްޓާފައެވެ. ޖިޔާ އާއި ނާވީގެ ހުރިހާ ހެދުމެއް އެޅޭވަރުގެ ބޮޑު އަލަމާރިއެއް ހުއްޓެވެ. ރީތިވާ މޭޒުވެސް ވަނީ އެނދާއި އަލަމާރިއާއި ގުޅުވާލާފައެވެ. ކޮޓަރިގެ ކަނެއްގައި އިޝްވާގެ އެއްޗެހި ލުމަށް ކުޑައަލަމާރިއެއްހުއްޓެވެ. ނަމަވެސް އެއްފަރާތުގައި ހުރި ކުޑައެނދަކީ އިޝްވާ ނިދާ އެނދެވެ. ޖިޔާ ބޭނުންވީ ނާވީ ގާތަށް އަންނައިރު އިޝްވާ ނިދަން ހޯދި އެނދު ގެންނާށެވެ. އެކަމާއި ނާވީ ދެކޮޅެއް ނުހަދައެވެ. އޭނާ ޖިޔާގެ ކޮންމެ ޚިޔާލެއް ބަލައިގަނެއެވެ. ހާސްވެފައި ހުރި ފަދަ ގޮތަކަށް ޖިޔާ އައިސް ބޮޑު އެނދުގައި އިޝްވާ ބާއްވާލިއެވެ. އަދި ދަރިފުޅުގެ އެއްޗެހި ބަދަލުކޮށްލުމާއިއެކު ކަރުދޮށާއި އަތްފައި ސާފުކޮށްލިއެވެ.

“ޒީއްތަ، އިޝްކޮގެހުރިހާ އެއްޗެއް ކުޑައަލަމާރިއަށް އަޅާފައި ހުރީ، ޖިޔާގެ ފޮށި އަލަމާރިތެރެއަށް ލާފައި ހުރީ” ޖިޔާ އެނދުން ތެދުވުމާއިއެކު އެދެމައިންނަށް ބަލަހައްޓައިގެން ހުރި ނާވީ ބުނެލިއެވެ. ޖިޔާ އެއްވެސް އެއްޗެއް ނުބުނެ އިޝްވާ ނިދަންލައްވާ ސޫޓުކޮޅެއް ހިފައިގެން އައިސް އެކުއްޖާ ތައްޔާރުކޮށްލުމާއިއެކު ގެނެސް ކުޑައެނދުގައި ބޭއްވިއެވެ. ޖިޔާ ހުރީ ފާޑަކަށް ފިނިވާގޮތްވެފައެވެ. ރޭގެ ބާކީ އޮތްބައި ނިމިގެން ދާނީ ކިހިނެއްކަން ޖިޔާއަށް އެނގޭތީއެވެ. ނާވީގެ ހަރަކާތްތައް ހުންނާނެގޮތެއް ނޭނގިފައެވެ. ޖިޔާ، އިޝްވާ ކުޑައެނދުގައި ބާއްވާލާފައި ނާވީ އާއި ދިމާލަށް އެނބުރިލިއެވެ.

“ވަރަށް ވަރުބަލިވެއްޖެދޯ، ސޮރީ އިނގޭ، އަހަރެން ވެސް ބޭނުންވީ ވަރަށް ކުޑަކުޑަ ސަޔެއް ބާއްވަން، ދޮންތަ މިހާ ބޮޑުކޮށްލާނެކަމެއް ކުރިއަކުން ނޭނގޭ” ނާވީ ޖީބަށް އަތްޖަހައިލައިގެން ހުރެ ދެކޮނޑު އަރުވާލަމުން ބުނެލިއެވެ.

“ރަނގަޅުވާނެ، އެނިމުނީނު އެކަންވެސް، އަހަރެން އެއްޗެހި ބަދަލުކުރަން ދިޔަޔަސް އެންމެ ރަނގަޅުތަ” ޖިޔާ ލުއިހިނިތުންވުމަކާއިއެކު ބުނެލިއެވެ.

“ޖިޔާ އަހަންނާ އިނޭ ކިޔާފައި ކޮންމެކަމެއް ކުރުމުގެ ކުރިން އަހަރެން ގާތުން ހުއްދަ އަހާކަށް ނުޖެހޭނެ، އަހަންނަށްވެސް އެނގޭ މިހާއިރު ތިހެދުން ލައިގެން ހުންނަންވީމަ އުނދަގޫވާނެކަން، ޖިޔާ ފާޚާނާއަށް ވަދެފައި ނުކުތީމަ އަހަރެން ވަންނާނީ، އޯކޭތަ” ނާވީ ހީނލާފައި ބުނެލިއެވެ. ޖިޔާ ބޯޖަހާލަމުން އަލަމާރިތެރޭގައި ހުރި ފޮށި ބޭރަށް ނެރެން އުޅުނެވެ. ނަމަވެސް އޭނާއަށް ހިފޭވަރަށްވުރެ އޭތި މާބަރެވެ. އެކަން ޖިޔާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރި ނާވީއަށް އެނގުނީކަންނޭނގެއެވެ. އޭނާ އައިގޮތަށް އައިސް އަލަމާރިތެރެއިން ފޮށިނެރެދީފައި ތިރީގައި ބާއްވާލިއެވެ. ޖިޔާ އަވަސް އަވަހަށް ފޮށި ހުޅުވާލިއެވެ. އެންމެ މަތީގައި އޮތީ ޒީޝާ އާއި ޒުހާ އާއި ދެމީހުން އޭނާއަށް އެރޭ ލާން ދިން ނައިޓީއެވެ. އެފެނިފައި ޖިޔާ ފުންނޭވާއެއް ލިއެވެ. އަންބެއްގެ ފަރާތުން ލިބެންޖެހޭ ހުރިހާ އުފަލަކާއި ހިތްހަމަޖެހުމެއް ނާވީއަށް މިރޭ ޖިޔާ ދޭންޖެހޭނެކަން އޭނާގެ ހިތަށް އެރުމުން މީހާ ފިނިވާގޮތްވަނީއެވެ. އެނައިޓީ ލައިފިއްޔާ އިތުރަށް ނާވީއަށް ޖިޔާ ފުރުޞަތު ދެވެނީހެން ހީވާތީ އޭނާ އެޔެއް ނުނެގިއެވެ. ފޮށި ހާވާލުމާއިއެކު ޓީޝާޓު ކޮޅަކާއި ކުރު ސޯޓުކޮޅެއް ނަގައިގެން ފާޚާނާއަށް ގޮސް ވަނެވެ. ނާވީ އެނދުގައި އިށީނދެލައިގެން ޖިޔާގެ ހަރަކާތްތައް ބަލަން އިނެވެ. ކިތަންމެ ހަމަޖެހޭގޮތް މޫނުމަތިން ދައްކަން މަސައްކަތްކުރިނަމަވެސް ނާވީ ހުރީ ހާސްވެފައެވެ. ޖިޔާ އާއި ގާތްވާން ޖެހިލުންވެފައެވެ. ޖިޔާ ނުރުހޭ ކަމެއް ކުރާކަށް އޭނާ ބޭނުމެއްނޫނެވެ. ނަމަވެސް ނާވީގެ އެތެރެހަށީގައި ނޭވާ ތާށިވީ ފާޚާނާއި ނުކުން ޖިޔާ ފެނިފައެވެ. ކުރު ޓީޝާޓުކޮޅުގައި ކިރިޔާ އަތްހިއްލާލިޔަސް ޖިޔާގެ ބަނޑުފެނެއެވެ. ލައިގެން ހުރި ސޯޓުގެ ކުރުކަމުން އޭނާގެ ފައިގެ ފަލަމަސްގަނޑުގެ ބޮޑުބައެއްވަނީ ހާމަވެފައެވެ. އެފަދަ ހާމަކަން ބޮޑުގޮތަކަށް ޖިޔާގެ ހަށިގަނޑު ނާވީ ދުވަހަކުވެސް ނުދެކެއެވެ. ހުއްޓުން އަރާފައި އިން ނާވީ ފެނުމުން ޖިޔާ ވަގުތުން ރަކިވިއެވެ. ހަލުވިކޮށް ހިނގާލާފައި އައިސް އަލަމާރީގައި ހެދުން އަޅުވާލާފައި އެނދުގެ ފޮތިގަނޑު ދަށަށް ވަދެ ފިލިއެވެ. ލުއިހިނިތުންވުމެއް ނާވީގެ ތުންފަތުގައި ދުވެލުމާއިއެކު އޭނާ މަޑުމަޑުން ތެދުވިއެވެ. ފާޚާނާއަށް ވަދެ ފެންވަރާލައިގެން ނުކުތެވެ.

“ޖިޔާ، ނިދީތަ” އެނދުގައި އޮށޯވެލި ނާވީ އެއްފަރާތަކަށް އެނބުރިއޮތް ޖިޔާއަށް ގޮވާލަމުން އަހާލިއެވެ.

“ނޫން..” ޖިޔާ އޮތްގޮތަކަށް އޮވެ ބުނެލިއެވެ. ނާވީ މަޑުމަޑުން އައިސް ޖިޔާގެ ފުރަގަހުން އޭނާ އާއި ގާތްވެލާފައި ކޮނޑުގައި ފިރުމާލިއެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *