THEMI VAAREYGA VEEMEY [PART 10]

“ޖިޔާ ހިތްހަމަނުޖެހޭފަދަ ކަމެއް އަހަންނަށް ކުރެވެންޏާ އަހަރެން ހުއްޓުވައްޗޭ” ނާވީ ވައިއަޑުން ކަހަލަ ގޮތަކަށް ޖިޔާގެ ކަންފަތްދޮށުގައި ބުނެލިއެވެ. ޖިޔާ އާނއެކޭ ބުނުމުގެ ގޮތުން ބޯތަޅުވާލުމާއިއެކު ކުރިއަށްވުރެ ނާވީ ޖިޔާ އާއި ގާތްވެލިއެވެ. ދެހިތްވެސް ތެޅެމުންދިޔައީ އާދަޔާއި ޚިލާފަށް ބާރަށެވެ.

“އަހަރެން ޖިޔާއަށް އެއްވެސް ކަމެއް ސިއްރުކުރާކަށްނެތިން، އަދި ސިއްރުކުރިޔަސް އަހަންނަށް އެނގޭ އެކަން ޖިޔާއަށް ފާހަގަކުރެވޭނެކަން…. އަހަރެން… އަހަރެން ދުވަހަކުވެސް އަންހެން ކުއްޖަކާ ގާތެއްނުވަން، އެކަމަކު މިރެއަކީ އަހަރުމެން ދެމީހުންނަށް ވަރަށް ޚާއްޞަ ރެޔަކަށްވާން އަހަރެން ބޭނުން، ޖިޔާ އަހަންނަށް އެހީވާނަންތަ” ނާވީ މިހެން ބުނުމުން ޖިޔާ މަޑުމަޑުން އެނބުރި ނާވީ އާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އޭނާއަށް ނާވީގެ ތެދުވެރިކަން އަބަދުވެސް ކަމުދެއެވެ. ލުއި ހިނިތުންވުމަކާއިއެކު ނާވީގެ މޭގައި ޖިޔާ މޫނު ފޮރުވާލިއެވެ. ހިނިތުންވެލި ނާވީ އޭނާގެ އަތުގެތެރެއަށް ޖިޔާ ގެނެސް ލިއެވެ.

* * * *

ރޭ ހަތަރުދަމު ޒުކަންގެ ލޮލަކަށް ނިންޖެއް ނައެވެ. އޭނާގެ ހިތަށް ނޭނގޭ އުނދަގޫތަކެއްވަނީއެވެ. ޒުކަން މާ މަޑުމަޑުން ހުންނަކަން އިބާއަށް ފާހަގަކުރެވުނެވެ. ގެއަށްވުރެ ގިނައިން ޒުކަން އޮފީހުގައި އުޅޭތީ އެކަމާ އިބާވަނީ ސުވާލުކޮށްފައެވެ. ނަމަވެސް ޒުކަންއަށް ވެގެން އުޅޭގޮތެއް އޭނާއަކަށް ނޭނގެ އެވެ. އިބާގާތު ބުނަންވީޔޭ ވެސް ޒުކަންގެ ހިތަށް އަރަ އެވެ. އެކަމަކު ދެން ދުވަހަކުވެސް އެ އަންހެން ކުއްޖާ އާއި ދިމާނުވެއްޖެނަމަ އޭނާ ވަރަށް އެކަނިވާނެ އެވެ. އިބާއަށް ހުރިހާ ކަމެއް އެނގޭ ދުވަހަކުން އޭނާ ޒުކަން ދޫކޮށްލަފައި ދާނެކަން ޔަޤީނެވެ. އެދުވަހުން ލޯބިވާ ދަރިފުޅަށް ލިބޭނެ ދެރައާއިމެދު ޒުކަން ވިސްނާލިއެވެ. ހުރިހާ ވާހަކައެއް ބުނަން ފަސްޖެހެވުނީ އެހެންވެއެވެ. ޒުކަން ސިއްސައިގެން ދިޔައީ އުނގުގައި އިން އައިކު މަޖާވެގެން ތެޅިލިގޮތުންނެވެ. އަވަސް އަވަހަށް ދަރިފުޅު ގާތުގައި ބާއްވާލަމުން އެނދުގައި އޮށޯތެވެ. ފަތިހު ހޭލިގޮތަށް އައިކު ނިދާކަށް ނޫޅުނެވެ. ޒުކަންގެ ލޮލުގައި ވެސް ނިދީގެ އަސަރު ނެތުމުން އިބާ ނިދަން ބާއްވާފައި ދަރިފުޅާއި ހަވާލުވީއެވެ.

* * * *

ޖިޔާ ހޭލައިގެން އިޝްވާގެ ކަންތައްކޮށްފައި އެކުއްޖާ ގޮވައިގެން ސިޓިން ރޫމަށް ނުކުތެވެ. އޭރު ނުހާވެސް ހޭލާ އުޅެއެވެ. ބަދިގެ ފަރާތުން ދެމީހުން ބައްދަލުވިއެވެ.

“އަހަރެން އެހީވެދެންތަ” ނުހާ މަސައްކަތުގައި އުޅޭތަން ފެނުމުން ޖިޔާ އަހާލިއެވެ.

“ނޫނޭ، ޖިޔާ ކުދިން ގާތު މަޑުކޮށްލަންވީނު، ޒިޔާފުވެސް އެބައުޅޭ ހޭލާ، ނާވީ އަދިވެސް ނިދާފަ ދޯ އޮތީ” ނުހާ ބުނެލިއެވެ.

“އޭނަ ނިދާފައޮތީމަ ނުގޮވީ” ޖިޔާ، އިޝްވާ އުރާލައިގެން ހުރެ ބުނެލިއެވެ.

“ރަނގަޅުވާނެ، މިއަދު އޭނަ ނިދަންވެސް ބޭނުންވާނެތާ… އިޝްކޮއަށް ގޮނޑިއެއް ގަންނަންވީ ދޯ، އޭރުން މިތާ ފެންނަ ހިސާބުގައި ބައިންދާލެވޭނެ އެންނު” ނުހާ، ޖިޔާ އާއި ދިމާކޮށްލަން އުޅެފަވެސް އެޚިޔާލު ދޫކޮށްލިއެވެ.

“އަދި ބައެއް އެއްޗެހި ނުގެނެވޭ” ޖިޔާ ބުނެލިއެވެ.

“ގޭގައި ހުރި އެއްޗެހި ގޭގައި ބަހައްޓަން ދޮންތައަށް ފެންނަނީ، އެހެންނޫނީ ގެއަށް ދާފަހަރަކުން ބޭނުންކުރާނެ އެއްޗިއްސެއް ނުހުންނާނެ އެންނު، އަނެއްކާ އެއެއްޗެހި ފެންނަން ހުރީމަ ޖިޔާ މަންމަ ވެސް ހިތްހަމަޖެހޭނެ، ނާވީ ހޭލީމަ ދޮންތަ ބުނާނަން އިޝްކޮއަށް ހައި ޗެއަރ އަކާއި އެއްޗެހި މިގެއަށް ގަންނާށޭ” ނުހާ އޭނާގެ ޚިޔާލު ފާޅުކުރިއެވެ. ޖިޔާއަށް ދެކޮޅަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. އެވަގުތު ޒިޔާފު އައިސް ޖިޔާގެ ފަހަތުން “ޕޮއް” ކިޔައި ސިއްސުވާލަން އުޅުނެވެ. އިޝްކޮއަށް މަޖާވެގެން އަޑެއްލައްވާލުމުން ޒިޔާފަށްވެސްވީ މަޖާކަމަކަށެވެ.

“ޔާފް، މިހާ ހެނދުނާ ކޮއްކޮ އެހާވަރަށް ނުހެއްވައްޗޭ” ނުހާ މިހެން ބުނެލުމާއިއެކު ޖިޔާ ބަލާލިއެވެ. އޭނާއަށް ޤަބޫލުކުރަން ދަތިވިޔަސް ނާވީގެ ޢާއިލާ އޭނާ ވަނީ ބަލައިގަނެފައެވެ. ޢާއިލާއެއްގެ ތެރޭގައި އުޅެން ޖެހޭތީވެ ކުރިން ޖިޔާ ޖެހިލުންވި ނަމަވެސް މިހާރު އޭނާ އެކަމާ އުފާކުރެއެވެ. ނާވީގެ ރަނގަޅު އަޙުލާގާއި އެއްވަރަށް އެޢާއިލާގެ މެންބަރުންގެ ހެޔޮކަންވެސް ޖިޔާއަށް ލިބިފައިވެއެވެ.

ޒިޔާފާއި އިޝްވާ ގޮވައިގެން ނުހާ ބަދިގެ ފަރާތުން ސަލާމަތްވަންދެން ޖިޔާ އުޅުނެވެ. އޭނާއަށް އެނބުރި ކޮޓަރިއަށް ނުދެވިގެން އުޅެނިކޮށް ދެން ފެނުނީ ފެންވަރާ ތާޒާވެލައިގެން ހުރި ނާވީ ކޮޓަރިން ނުކުމެގެން އެމީހުންގެ ގާތަށް އަންނަތަނެވެ. ޖިޔާ ކިތަންމެ ހަމަޖެހިފައި ހުއްޓެއްކަމަކު އޭނާއަށް ނާވީ ފެނުމުން އަވަސް އަވަހަށް އިސްޖަހާލެވުނެވެ. މޫނުމަތިން ލަދުވެތިކަން ފާޅުވުމާއިއެކު އޭނާގެ ހަނދާނަށް ރޭގައި ނާވީ އުޅުނު ގޮތުގެ މަންޒަރުތައް ސިފަވެގެން ދިޔައެވެ. އެހިނދު ދެކޯތާފަތުންނާއި ނޭފަތުކޮޅުން މަޑުރަތްކުލައެއް ފާޅުވެގެން ދިޔަތަން ފެނުނެވެ.

“މިތާ އެކަނިތަ، ކޮބާ ދޮންތަ” ޖިޔާ ފެނުނީއްސުރެން ހިނިތުންވެލައިގެން ހުރެ އައި ނާވީ ސޯފާ ކައިރީ މަޑުކޮށްލަމުން އަހާލިއެވެ.

“އެބަ އުޅޭ ސައިހަދަން، ދޮންތަ ބުނީ މިތާ ޒިޔާފު ގާތު މަޑުކޮށްލަ ދޭށޭ” ޖިޔާ، ނުހާއަށް އެހީވާން ނުދިޔައީ ކީއްވެތޯ ނާވީ ސުވާލުކޮށްފާނެތީ ބުނެލިއެވެ.

“އަހަރެން އިޝްކޮ އާއި ޒިޔާފު ގާތު މަޑުކޮށްލަ ފާނަން، ޖިޔާ ބޭނުމިއްޔާ ދޮންތަ ގާތަށް ދިޔަޔަސް އެންމެ ރަނގަޅު” ނާވީ، ޖިޔާ އާއި ވަރަށް ގާތުގައި އިށީންނަމުން ބުނެލިއެވެ. ޖިޔާ ހިނިއައިސްފައި އިނދެ ނާވީއަށް ދަރިފުޅު ދިއްކޮށްލަމުން ތެދުވިއެވެ. އެވަގުތު ޒިޔާފު ވެސް އައިސް ނާވީގެ އުނގުތެރެއަށް ވަދެއްޖެއެވެ.

ހެނދުނުގެ ސައި މޭޒުމައްޗަށް ނެގީ ޖިޔާއެވެ. ނުހާއަށް އެއްވެސް ކަމެއް ކުރާކަށް ނުޖެހުނެވެ. ނުހާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޖިޔާ އިސްނަގާތީ އެކަމާ ނުހާ ވަރަށް ހިތްހަމަޖެހުނެވެ. އެ ޢާއިލާ އާއި ގުޅިގެން އުޅެން ޖިޔާ ބޭނުންވާކަން ނުހާއަށް އެނގުނެވެ. ސައިބުއިމަށް މޭޒު ދޮށުގައި ނާވީ އާއިއެކު ފުއާދު އިނެވެ. ނާވީގެ ކުރިމަތީގައި ޒިޔާފު އިނެވެ. ނުހާ އެކުއްޖާއަށް ކާއެއްޗެއް ދޭން މަސައްކަތްފެށިއެވެ. އިޝްވާ އުރާލައިގެން ނާވީ އިންއިރު ޖިޔާ ފުއާދަށާއި ނާވީއަށް ސައިޖޯޑު ގެނެސް ބަހައްޓަނީއެވެ. އަދި ނާވީއަށް ރޮށި ފުޑުވަދޭން އުޅުމުން އެކަން ނާވީ ހުއްޓުވިއެވެ.

“ޖީ… އިޝްކޮ ގޮވައިގެން އާދޭ މިތާ އިންނަން، ސައިމިހާރު މިހިރީ ހެދިފައެންނު، އަހަރެން ދެންކުރަންޖެހޭ ކަންތައްތައް ކޮށްލަފާނަން” މަޑުމަޑުން ނާވީ މިހެން ބުނެލުމުން ޖިޔާ ކުރަން އުޅުނު ކަންތައް ހުއްޓާލިއެވެ. އަދި ނާވީ ބުނިފަދައިން އިޝްވާ ގޮވައިގެން އައިސް ނާވީ ކައިރީ ހުރި ގޮނޑީގައި އިށީނެވެ.

“ދަރިފުޅުމެން ޗުއްޓީއަށް ކޮންމެވެސް ތަނަކަށް ދާކަށް ނުވިސްނަންތަ” ފުއާދު ވެސް ކާން ފަށަމުން ނާވީއަށް ބަލާލާފައި އަހާލިއެވެ.

“އަދި ކަމެއް ނުރޭވިގެން މިއުޅެނީ” ނާވީ ބުނެލިއެވެ. އޭރު އޭނާގެ ހިތުގައި ޖިޔާ އާއި މަޝްވަރާ ކުރަން ބޭނުންވާ ވަރަށް މުހިންމު ކަމެއް އޮތެވެ. ޖިޔާ އާއި ވާހަކަނުދައްކާ ނިންމުމެއްނިންމަން ނާވީ ބޭނުންނުވާތީ އެވާހަކަ އެކަކު ގާތު ވެސް ނާވީ ބުނަން ބޭނުންނުވީއެވެ.

ސައިބޮއެ ނިމިގެން ތަށިތައް ނަގާފައި ޖިޔާ ވެސް ވަނީ ކޮޓަރިއަށެވެ. އޭރު އެނދުގެ ހުރަހަށް ނާވީ އޮށޯވެލައިގެން އޭނާގެ މޭމަތީ އިޝްވާ ބައިންދާލައިގެން އެކުއްޖާ އާއި ސަކަރާތްޖަހަމުން ދިޔައެވެ. ޖިޔާ ކޮޓަރިއަށް ވަންތަން ފެނުމުން އޭނާ ތެދުވެ އިޝްވާ އެނދުމަތީ ބާއްވާލާފައި ޖިޔާގެ އަތުގައި ހިފާލަމުން ގެނެސް އެނދުގައި އޭނާގެ ގާތުގައި ބޭންދިއެވެ.

“ޖިޔާ، އަހަރެންގެ އަންބަކަށްވުމަކީ އަހަރެންގެ ނޯކަރަކަށްވުމެއްނޫން، މޭޒުމައްޗަށް ސައިހަދައި ދީފައި އަހަންނަށް ސައިބޯން ގޮވީމަ ޖިޔާގެ ޒިންމާ އަދާކުރެވުނީ ކަމުގައި ބަލާ، ރޮށި ފުނޑުވާ ދީފައި އެމޮޑެފައި އުލާ ސަމްސާ ލާފައި ދިނުމަކީ އަހަރެން އެހާ ތަރުހީބުދޭ ކަމެއްނޫން، އަނެއްކާ ޖިޔާއަކީ ކުޑަކުއްޖަކު ގޮވައިގެން އުޅޭ މީހަކަށްވާއިރު އަހަންނަށްވުރެ ގިނަވަގުތު އެކުއްޖާއަށް ދޭން މަޖުބޫރުވާނެ، އަހަރެން ޖިޔާދެކެ ވަރަށް ލޯބިވޭ، ގެވެހި ރަނގަޅު އަންބަކަށްވާން ޖިޔާ މަސައްކަތްކުރާކަން އަހަންނަށް އެނގޭ، އެކަމަކު މިބުނާހެން އަހަރެންގެ ނޯކަރެކޭ ތީ ހީވާވަރު ވާކަށް އަހަރެން ދުވަހަކުވެސް ބޭނުމެއްނޫން” ނާވީ، ޖިޔާ ގެނެސް އޭނާގެ ނިތްކުރީގައި ބޮސްދިނެވެ.

“އަހަންނަށް އެނގޭ ނާވީ އަހަރެންގެ އަގު ވަޒަންކުރާނެކަން، ނާވީއަށް ކޮންމެ ކަމެއް ކޮށްދިނަސް އަހަރެން ކޮށްދެނީ، ކޮށްދޭހިތުން، ސާފު ހިތަކާއިއެކު، ނާވީ ބޭނުންވަނީ ތިގޮތްކަމުގައިވާނަމަ އަހަރެން މީގެފަހުން ކަންތައްކުރާނީ ތިގޮތަށް، ކަންތައްތަކަށް އަލީ ހަމައެކަނި ނާވީއެއް ނޫން، އަހަންނަށް ވެސް ދިރިއުޅުމުގައި ދަސްކުރަންޖެހޭ އެތައްކަމެއް އެބަހުރި” ޖިޔާ ލާނެތްގޮތަކަށް ހީނލިއެވެ. އެއާއިއެކު ނާވީ ވެސް ހޭންފެށިއެވެ. އަދި ލޯބިން ޖިޔާ ގެނެސް އެއަތުގެތެރޭ ފިއްތާލިއެވެ.

“އަހަރެން ވާހަކައެއް ބުނަންވެފައި އެބައޮތް، ޖީ އާއި މަޝްވަރާ ނުކޮށް އެއްވެސް މީހެއްގާތު އެވާހަކަ ނުދައްކަންވެގެން މަޑުކުރީ” ނާވީ އޭނާގެ ހިތުގައިވާ އެއްޗެއް ހާމަކުރިއެވެ.

“ކޮންވާހަކައެއް” ޖިޔާ، ނާވީ އާއި ދުރަށް ޖެހިލަމުން އަހާލިއެވެ.

“އަހަރެންގެ ކިޔެވުން އަދި އެއްކޮށް ނުނިމޭ، އެހެންވެ ހިތަށް އަރަނީ ކުރިއަށް އޮތްބައި ނިންމާނީ ރާއްޖޭން ބޭރުގައޭ، އެކަމަކު ދާން ބޭނުންވަނީ ޖިޔާ އާއި އިޝްކޮ ގޮވައިގެން، އަދި އަހަރެން ބޭނުން އެކޮޅުގައި ހުރެ ޖިޔާ ބޭނުންވާ އެއްޗެއް ކިޔެވުމުގެ ފުރުޞަތުދޭން ވެސް، އަހަންނަށް އެނގޭ އަބަދުވެސް ޖިޔާ ވަރަށް ކިޔަވާހިތްވާކަން” ނާވީ މިހެން ބުނެލުމުން ޖިޔާގެ ލޮލުން އިތުރު ވިދުމެއްގެ އަލި ފާޅުވެގެން ދިޔަ ކަހަލައެވެ.

“އެކަމަކު… އޭރުން…. ނާވީ، އިޝްކޮ ދޫކޮށްލާފައި އަހަންނަށް އެއްވެސް ކަމެއް ނުކުރެވޭނެ” ޖިޔާ މާޔޫސްވެފައި ބުނެލިއެވެ.

“ކޮންމެ ކަމަކަށް ވެސް ބޭނުންވަނީ ހިތްވަރު، ޑޭކެއަރ ތަންތަން ހުންނާނެ އެންނު، އެކަހަލަ ތަނަކަށް ލާފައި ކިޔަވަން ދާނީ، ގޮސްފަ އައިސް އަހަރުމެން ތިންމީހުން އެކުގައި ޓައިމް ސްޕެންޑު ކުރެވޭނެ އެންނު، ކުޑަ ދުވަސްކޮޅަކު އެންނު އެހެން އުޅެން ޖެހޭނީ ވެސް، އަހަރެން ބޭނުމެއްނޫން މިފަހަރު މި ފުރުޞަތު ޖިޔާއަށް ގެއްލޭކަށް، އަހަރުމެންނަށް އެޖަސްޓު ކުރެވޭނެ” ނާވީ ވަރަށް ޔަގީން ކަމާއިއެކު ބުނެލިއެވެ. އިރުކޮޅަކު ޖިޔާ ވިސްނާލިއެވެ. އޭނާއަށް މިކަންވާނެބާއޭ ހިތަށް އަރާފައެވެ. ނާވީއަށް ބަލާލުމުން އޭނާއަށް ހިތްވަރުލިބުނެވެ. އޭނާ އާއިއެކު އަބަދުމެވާނޭ ބައިވެރިއަކު މިއަދު އެބަހުރިކަމުގެ ހިތްހަމަޖެހުމާއި ޔަގީންކަން ޖިޔާއަށް ލިބުނެވެ. އެއީ ޖިޔާއަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. އޭނާގެ ހުވަފެންތަކުގައި ކުލަޖެހިދާނެކަމުގެ އުންމީދު ނާވީ އައުކޮށްދީފިއެވެ.

“ނާވީ ކީއްވެތަ އަހަރެން ދެކެ ތިހާ ލޯބިވަނީ” ޖިޔާ، ނާވީ އާއި ހަތަރުކަޅި ހަމަކޮށްލަމުން ބުންޏެވެ.

“ހެ ހެ ހެ… ތި ސުވާލަށް ދޭނެ ޖަވާބެއް ހަޤީޤަތުގައި އަހަރެންގެ ނެތް، ޖީ އުފަލުގައި ބަހައްޓަން އަހަރެން ބޭނުން، ޖީ ހީނލާ ކޮންމެ ފަހަރަކު އަހަރެންގެ ހިތަށް ފިނިކަން ލިބޭ، އަހަންނަށް މިއަދު ދުނިޔޭގެ ހުރިހާ އުފަލެއް ލިބިފައިވާކަހަލަ، ޖީ އަހަރެންގެ އަންބަކަށްވީތީ މިއަދު އަހަންނަކީ ނަސީބުވެރިއެއްކަން ޔަގީން، އިންސާނަކަށް އުފާލިބޭނީ މިހާކަންހާވަރަކަށްނޭނގެ” ނާވީގެ ވާހަކަތަކުން ޖިޔާގެ ހިތަށް ވެސް ފިނިކަން ލިބިގެންދިޔައެވެ. އޭނާގެ ނިންމުމާއިމެދު އެތައްހާސް ފަހަރަކު ވިސްނިނަމަވެސް މިއަދު އެނިންމުމާއިމެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަޖެހިއްޖެއެވެ.

* * * *

ޞޮފާ ހިތްހަމަޖެހިލައިގެން ހުރިއިރު ޝޫޒާގެ ހިތަށް ނުތަނަވަސްކަންވަނީ ވެރިވެފައެވެ. ރިހާމު އުޅޭގޮތުން ހީވަނީ މުޅިން އެހެން މީހެއް ހެންނެވެ. ޝޫޒާ ދައްކާ އެއްވެސް ވާހަކައެއް އޭނާއަށް އަޑުއިވޭ ކަމަކަށް ނުވެއެވެ. ގޭގައި ރިހާމު މަޑުނުވެ ދަނީ ކޮންތާކަށްކަމެއް ޝޫޒާއަކަށް ނޭނގެއެވެ. ބައެއްފަހަރަށް އަންނަ ރުޅީގައި ޝޫޒާ ވެސް ގޮތްދޫނުކުރަން އަޅާވެސް ނުލާ ހުރެއެވެ. ނަމަވެސް ރިހާމަށް އެކަން ބޮޑުކަމަކަށް ނުވަންޏާ ޝޫޒާ ރުޅިއައުމުގެ ބޭނުމެއްނެތްކަން ޚުދު ޝޫޒާއަށް ވެސް ވިސްނުނެވެ. ޝުޒާގެ ހިތް ފަޅައިގެން ދިޔައީ ރިހާމު ދެވަނަ ކައިވެންޏެއް ކުރަން ބޭނުންވާ ކަމުގައި ބުނުމުންނެވެ. ޝޫޒާ ވިލާގެ ފާރުތައް ގުގުމައިގެން ދިޔައީ ރިހާމާއި ޝޫޒާގެ އަޑުންނެވެ.

“ރިހާމަށް އަހަރެންގެ ފަރާތުން ކޮންކަމެއް އުނިވާތިތަ ދެވަނަ ކައިވެންޏެއް ކުރަން ތިއުޅެނީ، ރިހާމަށް އެނގޭނެ އަހަރެން ޤަބޫލެއް ނުވާނެކަން، އެއީ އެއްވެސް އިރެއްގައި އަހަރެން ބޭނުންވިގޮތެއްނޫން… ރިހާމު، ބުނެބަލަ، ކީއްވެތަ އަހަރެން ހުއްޓައި އެހެން އަންހެނަކާ އިންނަން ނިންމީ” ޝޫޒާ ރޮވިފައި ކަހަލަ ގޮތަކަށް ރިހާމުގެ މޫނުގައި ހިފާ އޭނާ އާއި ދިމާލަށް އަނބުރާލަން މަސައްކަތް ކުރަމުން ބުންޏެވެ.

“އަހަންނަށް ލޯބިވެވުނީ، އެހެންވެ” ރިހާމު، ޝޫޒާ އާއި ހަތަރުކަޅި ހަމަކޮށްލަމުން މިހެން ބުނެލީ އެއްވެސް އަސަރެއްނެތިއެވެ.

“ކީއްވެ، އަހަރެންދެކެ ލޯބި ނުވަނީތަ” ޝޫޒާ އަހާލިއެވެ.

“ކޮންމެހެން ތިހުރިހާ ސުވާލެއް ކުރާނެކަމެއްނެތް، މީހަކާ އިންނަން އުޅޭތީ އެކަން ބުނެލީ، ޝޫޒާގެ ޚިޔާލެއް މިކަމަކަށް ބޭނުމެއްނުވޭ” ރިހާމު މިހެން ބުނެ ހިނގައިގަތުމުން ޝޫޒާ އޭނާގެ އަތުގައި ހިފޭއްޓިއެވެ.

“ނޫން! ނުދެވޭނެ، އަހަރެންގެ ސުވާލަށް ރިހާމު ޖެހޭނީ ޖަވާބުދޭން، ބުނޭ… އަހަންނަށް ކޮންކަމެއް ނުކޮށްދެވިގެން ރިހާމު ތިހެން ތިއުޅެނީ، އަހަރެންދެކެ ލޯބިނުވާންވީ ކީއްވެ” ޝޫޒާގެ އަޑުގައި ހުރި މަޑުމައިތިރިގޮތް ކެނޑި ހަރުކަށިވެގެން ދިޔައެވެ. ރިހާމު، ޝޫޒާގެ އަތް ފޮޅުވާލިއެވެ. އެހެންނަމަވެސް ޝޫޒާ އެހާ ފަސޭހައިން ދޫކުރާކަށް ބޭނުމެއްނުވިއެވެ. ރިހާމު ލައިގެން ހުރި ޓީޝާޓުގައި ފަހަތުން ޝޫޒާ ހިފޭއްޓިއެވެ.

“ކިހާ ދެރަކަމެއް ޝޫޒާ” ރިހާމު ނިކަން ބާރަށް ހަޅޭލަވައިގަތުމާއިއެކު ޝޫޒާގެ އަތުގައި ހިފާ ދަމައިގަތެވެ. އެއާއިއެކު ރިހާމު ލައިގެން ހުރި ޓީޝާޓުގެ ކަރުވެސް ދެމިގެން ގޮސް މާބޮޑުވިއެވެ. އެކަމާވެސް ރިހާމުގެ ރުޅި ހައްތަހާ ގަދަވާގޮތްވިއެވެ. ދުވަހަކުވެސް ޝޫޒާއަށް އަނިޔާއެއް ނުކުރާ ރިހާމު، ޝޫޒާގެ ކަންފަތްމަތީ ޖެހުމާއިއެކު ދުރަށް ކޮށްޕާލިއެވެ. ނިކަމެތި ބުޅާގަނޑެއްހެން އެއްފަރާތަކަށް ޖެހުނު ޝޫޒާއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ރިހާމަށް އެގޮތަށް ކަންތައް ކުރަން ކެރިދާނެއެކޭ އޭނާ އެއްފަހަރުވެސް ހިޔެއްނުކުރެއެވެ. ރިހާމު ހަރުކަށިކޮށް އޭނާ އާއި ދިމާލަށް ބަހެއްވެސް ނުބުނާނެއެވެ. ވީއިރު މިހާ ބޮޑު ބަދަލެއް އައިސްގެން މިއުޅެނީ ކީއްވެބާއޭ ޝޫޒާގެ ހިތަށް އެރިއެވެ.

އެދުވަހަށްފަހު ރިހާމާއި ޝޫޒާގެ ދެމެދުގައި ބޯފާރެއްލެވިގެން ދިޔައެވެ. ދެމީހުން ކުރެ އެކަކުވެސް އަނެކަކާ ވާހަކައެއް ނުދައްކައެވެ. ޝޫޒާ ބޭނުންވީ ރިހާމު އިންނަން އުޅެނީ ކާކާތޯ އޮޅުން ފިލުވާށެވެ. އެގޮތުން އޭނާ އޮފީހަށް ދާކަމަށް ހަދާފައި ކާރުގައި ނިކުމެ ރިހާމަށް ފާރަލިއެވެ. ބޭނުންވީ އެއީ ކާކުތޯ އޮޅުން ފިލުވާ އެކަމެއް ހުއްޓުވަންށެވެ. އެދެމަފިރިންގެ ދޭތެރެއަށް ވަންނަން ބޭނުންވަނީ ކިއްވެތޯ އޮޅުންފިލުވާށެވެ.

ޞޮފާ މެންގެއާއި ދިމާލަށް ދުއްވަމުން ދިޔަ ރިހާމަށް އޭނާގެ ކާރުގެ ފަހަތުން އަންނަ ޝޫޒާގެ ކާރެއް ނުފެނެއެވެ. ހަމަޖެހިލައިގެން އިނދެ އައިސް ޞޮފާމެންގޭ ދޮރުމައްޗަށް ކާރު މަޑުކޮށްލުމާއިއެކު ދޮރުމަތީ ހުރި ޞޮފާ ތުއިގޮތަކަށް ހިނގާލަފައި އައިސް ކާރުގެ ކުރީ ސީޓަށް އަރައި ހަމަޖެހިލައިފިއެވެ. އެކާރު ދެން މަޑުކޮށްލީ ރިހާމުގެ އޮފީސް ކައިރީ ޕާކިން ޒޯންގައެވެ. ގާތްދެމީހުން ފަދައިން ރިހާމާއި ޞޮފާ ފަރިގޮތަކަށް ހިނގާލާފައި އައިސް ރިހާމުގެ އޮފީހަށް ވަނެވެ. އޭރު ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން އިން ޝޫޒާއަށް ޞޮފާ އާއި ރިހާމުގެ މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުމުން ވަރަށް ބޮޑަށް އުނދަގޫވިއެވެ. އަދި ހައިރާންވީ އެ އަންހެން ކުއްޖާ ގޮވައިގެން ރިހާމު އޭނާގެ އޮފީހަށް ވަނީމައެވެ. ހިތަށް ވީތަދުންނާއިއެކު ޝޫޒާ އެނބުރި ދިޔައީ ގެއަށެވެ. އެދުވަހު އޮފީހަކަށް ނުނިކުތެވެ.

“ހެލޯ..” އެނދުގައި އޮވެފައި ފޫހި ގޮތަކަށް ޝޫޒާ ބުނެލިއެވެ.

“ކިހިނެއްވީ ކުއްލިއަކަށް ބަލިވީ، ޑޮކްޓަރަށް ދައްކައިފިންތަ” ޝޫޒާގެ އޮފީހުގެ ވެރިޔާ ޝިހާމް އަހާލިއެވެ.

ޝޫޒާއަކީ އޮފީހުގެ ޑިރެކްޓަރ ފެންވަރުގެ މުވައްޒަފެކެވެ. ހަމައެއާއިއެކު ޝޫޒާ އާއި ޝިހާމުގެ މެދުގައި ގާތް އެކުވެރިކަމެއްވަނީ އުފެދިފައެވެ. އޮފީހުގެ މަސައްކަތުގައި ޝޫޒާ ބަހައްޓާ ފަރުވާތެރިކަމާއި ޝޫޒާގެ ފަރާތުން ލިބޭ އެއްބާރުލުން ބޮޑުވުމަކީ ޝީހާމަށް ޝޫޒާގެ ކަމުދިޔަ ސިފައެކެވެ.

“ހެނދުނު ހޭލިއިރު ވަރަށް ބޮޑަށް ބޮލުގަ ރިއްސާތީ ސަލާމް ބުނެލީ” ޝޫޒާ ބުނެލިއެވެ.

“ޝޫޒާ، ހުރިހާ ކަމެއް ރަނގަޅުތަ، އަހަރެން އެބައޮތް ވާހަކައެއް ދައްކާލަންވެފަ، ކުޑަކޮށް ޕާރސަނަލް ވާހަކައެއް، ޝޫޒާ ހިތްހަމަނުޖެހިދާނެތީ ވަރަށް ކަންބޮޑުވޭ، އެކަމަކު ހެޔޮއެދޭ ރަޙުމަތްތެރިއެއްގެ ގޮތުން އަހަންނަށް މިވާހަކަ ސިއްރުކުރެވޭކަށްނެތް” ޝިހާމު ބުނިއެއްޗަކުން ޝޫޒާ ވަރަށް ހައިރާންވިއެވެ. އޭނާ ފޯނު ކަންފަތުގައި ޖަހާލައިގެން އެނދުން ތެދުވެ އިށީނެވެ. ޝިހާމުގެ ވާހަކަތަކަށް ސަމާލުވުމަށެވެ.

“ކޮންވާހަކައެއް، އަހަރެން ރުޅިއެއް ނާންނަން، ޝިހާމުދެކެ ކީއްކުރަން ރުޅިއަންނަންވީ” ޝޫޒާ އޭނާގެ އަޑުގެ ރާގު ބަދަލުކޮށްލަމުން ހަމަޖެހިލާފައި އިންފަދަ ގޮތަކަށް ބުނެލިއެވެ.

“އަހަންނާ މީޓުކޮށްލަންވީނު، އޮފީސް ނިންމާލާފަ ދާނަން ބަލާ، ތައްޔާރުވެލައިގެން ހުންނައްޗޭ، ދިމާވެލާފައި ދެން ވާހަކަދައްކާނީ، އޭރުން ކަންނޭނގެ ހަމަޖެހިގެން ތިބެ ހުރިހާ ވާހަކައެއް ދެއްކޭނީ” ޝިހާމު މިހެން ބުނުމުން ޝޫޒާ އެއްބަސްވިއެވެ.

ހަވީރުގެ ހަތަރުގަޑި ބައިވަނިކޮށް ޝިހާމުގެ ކާރު އައިސް ޝޫޒާ ވިލާ ދޮރުމައްޗަށް މަޑުކޮށްލިއެވެ. އެއާއިއެކު ޝޫޒާ އެކާރަށް އެރިއެވެ. އެމީހުންގެ މިސްރާބު ހުރީ ސީހައުސް ރެސްޓޯރެންޓާއި ދިމާލަށެވެ. ޕާކިން ޒޯންގައި ކާރު ބާއްވާލުމާއިއެކު ދެމީހުން އެކުގައި އައިސް ސީހައުސް ރެސްޓޯރެންޓަށް ވަނެވެ. ޤުދުރަތުގެ ރީތިކަން ފެންނަމުން ދިޔަ ތާޒާ ވައިރޯޅިތަކުގެ ބީހުން އިޙްސާސް ކުރެވޭނޭ ގޮތަށް އެއްފަރާތެއްގައި ހުރި މޭޒެއްގެ ދޮށުގައި ޝޫޒާ އާއި ޝިހާމު އިށީނެވެ. ޝޫޒާ ހަމައެކަނި ފިނި ބުއިމެއް ގެނައިއިރު ޝިހާމު އޭނާގެ މެންދުރުގެ ކެއުން ކާލުމަށް ކާއެއްޗެއްސަށް އޯޑަރދިނެވެ. ދެމީހުންނަށް ވާހަކަދައްކަން ފެށުނީ ދެނެވެ.

“ކޮންވާހަކައެއްތަ ބުނަން ބޭނުންވެގެން އުޅުނީ” ޝޫޒާ ކެތްތެރިކަން ކުޑަވެފައި އިންގޮތަކަށް އަހާލިއެވެ.

“ޝޫޒާގެ ޕަރސަނަލް ލައިފާ ގުޅޭގޮތުން، ރިހާމު ރަނގަޅުތަ” ޝިހާމް މިހެންބުނެ ޝޫޒާއަށް ބަލާލީ އެހެންކަހަލަ ގޮތަކަށެވެ.

“ކީއްވެތިހެން ތިބުނީ، ރިހާމު އަހަންނަށް ހެޔޮވީމަތާ މިހާ އުފަލުގައި މިއުޅެވެނީ، އަހަންނަށް މަނާކަމެއް ނޯންނަނީ، އެހެންނޫނީ މިކަހަލަ މިނިވަންކަމެއް އަނބިމީހާއަށް މިޒަމާނުގައި ދޭނީ ކޮންފިރިއެއް” ޝޫޒާ ކިތަންމެ ޖެހިލުންކުޑަވެފައި ދޫހެލުނަސް އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް ސިއްރުކުރަން ބޭނުންވިއެވެ.

“ފިރިމީހާ އެހާ މިނިވަންކޮށް އުޅެވޭނީ އަނބިމީހާއަށް މިނިވަންކަން ދީގެންނު، އޭރުންތާ ޝަކުވާކުރާނެ ފުރުޞަތެއް ނުދީވާނީ” ޝީހާމު ފާޑަކަށް ހީނލާފައި ބުނެލިއެވެ.

“ކީކޭ… ނޭނގުނު…” ޝޫޒާ ގަސްދުގައި ޝީހާމުގެ ވާހަކަތައް ނޭނގޭ ކަމަށް ހެދިއެވެ.

“ޝޫޒާ، އަހަރެންގެ ނަޒަރުގައި ރިހާމަކީ އެހާ ރަނގަޅު މީހެއްނޫން، ތިހާ ރީތި ކުއްޖަކު އޭނާ ކަހަލަ މީހަކާ ގުޅިގެން އުޅޭކަށް އަހަރެން ބޭނުމެއްނޫން، އެއަށްވުރެ މާ ރަނގަޅުވާނެ އަހަންނާ އިނަސް” ސަމާސާ ރާގެއް އެކުލެވިގެންވާ ފަދަ ގޮތަކަށް ޝީހާމު ބުނެލިއެވެ.

“ޝީހާމު، ކީކޭތަ ތިކިޔަނީ، ސީރިއަސްވެބަލަ، އަހަރެން ގާތު ބުނަން ތިއުޅޭ އެއްޗެއް ސާފުވާނޭހެން ބުނެބަލަ” ޝޫޒާ އެއިނީ ވަރަށް ކެތްތެރިކަން ކުޑަވެފައިކަން ޝީހާމަށްވެސް އެނގުނެވެ.

“ރިހާމު، ޝޫޒާ އާއި އިނދެގެން އުޅުނަސް އޭނާ އުޅެނީ އެހެން ކުއްޖަކާ ރައްޓެހިވެގެން، ކިތަންމެ ފަހަރަކު އެއަންހެން ކުއްޖާ އާއިއެކު ރިހާމު ފެނިއްޖެ، ޝޫޒާއަށް މިކަން ނޭނގި އޮވެދާނެއެކޭ އަހަރެންގެ ހިތެއްނުބުނޭ، އެއީ ރިހާމު އެހާ އޯޕަންކޮށް އުޅޭއިރު އޭނާގެ އުޅުމުންވެސް އެކަން ފެންނާނެކަން އެނގޭތީ” ޝިހާމު މިހެން ބުނުމުން އިސްޖަހާލި ޝޫޒާއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ދިރިއުޅުމުގެ ކަންތައްތައް ހިއްޞާކުރާވަރުގެ މީހަކު އޭނާގެ ނެތެވެ. ޝިހާމަކީ ޝޫޒާ ވަޒީފާއަށް ވަނީއްސުރެން އެންމެ ގިނަ ވަގުތު އެމީހަކާއިއެކު ހޭދަކުރެވޭ މީހާއެވެ. ހަމައެއާއިއެކު ޝޫޒާގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލު ދެނެގަތްމީހާވެސް މެއެވެ. އިތުރަށް ޝިހާމަށް ސިއްރުކުރާނެކަމެއް ދެންނެތްކަން ޝޫޒާއަށް އެނގި ވިސްނުނެވެ.

“އެއްޗެކޭ ނުބުނީ މީ ތެދަކަށްވީމަތަ” ޝިހާމު އަހާލިއެވެ.

ޝޫޒާ، ޝިހާމަށް ކަންތައްތައް އިތުރަށް ސިއްރުކުރުމުގެ ބަދަލުގައި ރިހާމުގެ އުޅުން ހުރިގޮތުގެ ވާހަކަ ކިޔައިދިނެވެ. ޝިހާމު ވަގުތުން ލަފާ ދިނީ ރިހާމާއި ވަކިވުމަށެވެ. ޝޫޒާއަކީ މީހަކަށް ބަރޯސާވެގެން އުޅޭވަރަށްވުރެ މިނިވަން އަންހެނެއްކަމުގައި ޝިހާމު ވިސްނައިދިނެވެ. ވީއިރު ރިހާމު ބޭނުންހާ ގޮތެއް ހެދިގެން ހުރުމުގެ ބޭނުމެއްނެތްކަމުގައެވެ. މުޅިއަކުން ޝިހާމުގެ ވާހަކައަށް ޝޫޒާގެ ހިތާ ސިކުނޑި ތާޢީދެއްނުކުރިއެވެ. އޭނާ އަދިވެސް ރިހާމުދެކެ ލޯބިވެއެވެ. ކައިވެނި ރޫޅާލުމަކީ އެންމެ ފަހުގެ ކަންތަކެވެ. އޭގެ ކުރިން އެހެންވިޔަ ނުދިނުމަށްޓަކައި ކުރެވެން އޮތް ކަމެއްވިއްޔާ ކުރަން ޝޫޒާ ބޭނުންވިއެވެ.

“އަހަރެންގެ އެހީއެއް ބޭނުމިއްޔާ ޝޫޒާ ބުނަންވާނެ، އޭރުން އަހަންނަށް ވެސް އެނގޭނީ، އެއްގޮތަކަށްވެސް ދެރަވާނެކަމެއްނެތް، ޝޫޒާއަށް ރިހާމަށްވުރެ މާ ރަނގަޅު މީހުންވެސް ވާނެ” ޝިހާމާއި ޝުޒާ ވަކިވުމުގެ ކުރިން ބުނެލިއެވެ.

އެނބުރި ގެއަށް އައިސް ވަނެއްކަމަކު ޝޫޒާގެ ސިކުނޑިއަށް ލުޔެއްނުލިބުނެވެ. އޭނާގެ ޟަމީރު އެދުނީ ހެނދުނު ރިހާމުގެ ކާރަށް އެރި އަންހެން ކުއްޖާގެ ގެއަށް ދިއުމަށެވެ. އަދި އޭނާ އާއި ބައްދަލުކޮށް މިވާހަކަދެއްކުމަށެވެ. ރިހާމުގެ ދިރިއުޅުމުން އޭނާ ދުރަށް ދިއުމަށް އެދި އާދޭސް ކުރަންޖެހިއްޖެ ނަމަ އެކަންވެސް ކުރާށެވެ. ވަގުތުން ސިޓިން ރޫމުގެ އެއްފަރާތުގައި ހުރި ކަބަޑުމަތިން ކާރުގެ ތަޅުދަނޑި ނަގައިގެން ޝޫޒާ ނުކުތެވެ.

މާލޭގެ މަގުތަކުގައި ޝޫޒާ ބޭނުންވި ބާރުމިނަކު ނުދުއްވުނެވެ. ދުއްވާއެއްޗެހިން މަގުތައް ތޮއްޖެހިފައިވުމުން އޭނާއަށް ވަރަށް ގިނަ ވަގުތު ބޭކާރުވެގެން ދާހެން އިޙްސާސް ކުރެވުނެވެ. ހުންގާނު ބުރުގައި ބާރަށް ހިފާލައިގެން އިންއިރު ނުތަނަވަސްކަން އޭނާގެ މޫނުމަތިން ފާޅުވަމުން ދިޔައެވެ. މަޑުމަޑުން އިނދެގެން ތިރީތުންފަތުގައި ދަތްއަޅާލަމުން ދިޔައިރު އޭނާ ވިސްނަމުން ދިޔައީ އެއަންހެން ކުއްޖާ އާއި ދައްކާނެ ވާހަކައަކާއިމެދުގައެވެ. އެގެއަށްވަދެފައި އެ އަންހެން ކުއްޖާއަށް ގޮވަން ހަދާނެ ގޮތަކާއިމެދުއެވެ. އެންމެ ކުޑަމިނުން ނަމެއްވެސް އެނގެނީއެއްނޫނެވެ.

ޝޫޒާގެ ނަސީބު ވަރަށް ގަދައެވެ. ޞޮފާމެންގެއަށް އޭނާ ވަނީ ވަރަށް ކަންބޮޑުވެފައި ހުރެއެވެ. އޭރު ސިޓިން ރޫމުގައި ހުރި ބޫޓު ފެނިފައި ވަގުތުން އެއީ ރިހާމުގެ ބޫޓުކަން ޝޫޒާއަށް ދެނެގަނެވުނެވެ. އޭރު ދެބައިއުމުރުގެ އަންހެނަކު ސިޓިން ރޫމު ސޯފާގައި ފޮތެއް ބަލަން އިނެވެ. ޝޫޒާ ރަނގަޅަށް ބަލާލިއިރު އެއަންހެން މީހާގެ ކައިރީ ހުސްވެސްވަނީ ކައިވެނި ހެދުން ފަރުމާ ކުރުމާއި ކައިވެންޏަށް ތައްޔާރުވުމާއި ބެހޭ އެކި މެގަޒިންތަކެވެ. ތަންކޮޅެއް އެތެރެއަށް ޖެހިލަމުން ޝޫޒާ ސަލާމްގޮވާލިއެވެ. މެގަޒިންތަކުގެ ފޮޓޯތަކަށް ގެއްލިފައި އިން ޒުހޭރާ ބަލާލަމުން ސަލާމް ބަލައިގަތެވެ.

“ރިހާމު އެބަ އުޅޭތަ” ޝޫޒާ ވަރަށް ހިތްވަރުކޮށްފައި ބުނެލިއެވެ. އެއާއިއެކު ވަގުތުން ޒުހޭރާގެ މޫނުމަތި ބަނަވެގެން ދިޔަތަން ފެނުނެވެ.

“ރިހާމޭ… މިގެއަކު ރިހާމު ކިޔާ މީހަކު ނޫޅޭ” މޫނު ކުނިކޮށްލަމުން ޒުހޭރާ ބުނެލިއެވެ.

“ދައްތާ، ރިހާމަށް ގޮވާލަދީބަލަ” ޝޫޒާ ރުޅި އިސްނުކޮށް ވާހަކަދެއްކޭތޯ މަސައްކަތްކުރަމުން ބުނެލިއެވެ.

“ބަލަ މިގޭގައި ނޫޅޭ މީހަކަށް ގޮވޭތަ، ބުނާއެއްޗެއް ސާފުނުވަނީތަ” ޒުހޭރާ ކަންބޮޑުކޮށްލާފައި ބުނެލިއެވެ.

“އަހަންނަށް ވެސް އެނގޭ ރިހާމަކީ މިގޭގައި އުޅޭ މީހެއްނޫންކަން، އެކަމަކު މިވަގުތު އޭނާ ހުރީ މިގޭގައި، ސިއްރުކުރަންވީ ކޮންބޭނުމަކު، އަހަރެން މީ ކާކުކަން އެނގޭތަ” ޝޫޒާގެ އަޑުވެސް ތަންކޮޅެއް ބާރުވެގެން ދިޔައެވެ.

“ތީ ކޮންމެ މީހަކަށްވިޔަސް އަހަންނަށް މުހިންމެއްނޫން، ރިހާމު ހޯދަން މިގެއަށް އަންނަން ޖެހުނީ ކީއްވެ، ރިހާމާއި ބައްދަލުކުރަން އޭނާގެ އޮފީހަށް ނުދިޔައީ ކީއްވެތަ” ޒުހޭރާ ތަފާތު ނަޒަރަކުން ޝޫޒާއަށް ބަލާލާފައި ބުނެލިއެވެ. އޭރު އޭނާ ވެސް ހުރީ ޝައްކެއްގެ މަތީގައެވެ. އަނެއްކާ ޝޫޒާ އަކީ ރިހާމުގެ އަންހެނުން ކަމެވެ. ޒަމާނީވެފައި އޭނާގެ އަމިއްލަ ދަރިފުޅު ޞޮފާ އާއި އަޅާކިޔާލާއިރު ވަކި ހުތުރެއްވެސް ނޫންވިއްޔާއެވެ. އެކަމަކު ރިހާމުގެ އަންހެނުންނަށް އެގެއަށް އަންނާކަށް ނޭނގެނެޔޭ ޒުހޭރާ ހިތަށްއެރިއެވެ.

“އަހަންނަށް މިހާރު އެނގިއްޖެ، ކަލޭމެން ތިއުޅެނީ ރިހާމުގެ ފައިސާގެ ދަހިވެތިކަމުގައި، ކޮންމެހެން ރިހާމަށް ހެވެއް އެދިގެނެއްނޫން، ނޭނގޭތަ ރިހާމަކީ މީހަކާ އިނދެގެން އުޅޭ މީހެއްކަމެއް” ޝޫޒާ ރުޅި މޫނުދައްކާލަމުން ބުނެލިއެވެ.

“މީހުންނާއި އިނދެގެން އުޅޭ ކިތައްމީހުން އެއުޅެނީ ތިންހަތަރު އަނބިން ގޮވައިގެން، ޚަރަދުކުރެވެންޏާ އެއީ މައްސަލައެއްނޫންނެނު، އެހެންނޫނަސް ހަތަރެއްވެސް ފިރިހެނުންނަށް ހުއްދައޭ” ޒުހޭރާ ހަމަޖެހިލާފައި މިހެން ބުނެލުމުން ޝޫޒާގެ ރުޅި ވަކިންގަދަވި އެވެ. އޭނާ ހަޅޭނުލަވާން ހުއްޓެއްކަމަކު އިތުރަށް ކެތެއްނުވިއެވެ.

“ރިހާމު… ރިހާމު…” ޝޫޒާ އަޑުގެކޮޅަށް ގޮވަންފެށިއެވެ.

“މީ ހާދަ ގޮތެއްފޮތެއްނެތް އަންހެނެކޭ… މީސްމީހުންގެ ގޭގެއަށްވަދެ ތިގޮތަށް އަޑުގަދަ ކުރެވޭތަ” ޒުހޭރާ އައީ ޝޫޒާ އާއި ދިމާލަށެވެ. އެވަގުތު ގޭތެރޭގައި އަޑުގަދަވެގެން ޞޮފާގެ ކޮޓަރިން ރިހާމާއި ޞޮފާ ނިކުމެގެން އައެވެ. ޝޫޒާ ފެނުމުން ޞޮފާއަށް ހުއްޓުން އެރިއެވެ. ނަމަވެސް ރިހާމުގެ ކައިރިއަށް އައީ ރުޅިއެވެ.

“ކިހިނެއްވެފަ ރިހާމު ތިހުންނަނީ، އެމީހުން ގާތު ބުނެބަލަ މަމީ ކާކުކަން، ރިހާމު އެމީހަކު ދެކެ ލޯބިވެގެން އެތައްއަހަރަކު އިންތިޒާރު ކުރުމަށްފަހު ކައިވެނި ކުރި އަނބިމީހާގެ ކުށެއްނެތިސް ތިއުޅެނީ މިހިރަ ކޫޑި އަންހެނާ އާއި އިންނަންވެގެން، ރިހާމު އަހަންނަށް ކުރި ވަޢުދުގެ މަތިން ހަނދާންނެތުނީތަ…. ބުޅާ މަސްގަނޑަށް ބަލާހެން ކަލޭ އަދި ތިބަލަނީ ކޯއްޗެއްތަ، ދެމަފިރިން ދޭތެރެއަށް ނޫނީ ވަންނާކަށް ކަލެއަކަށް ނޭނގުނު ދޯ، މަގޭ ފިރިމީހާ ނޫން މީހަކު ކަލެއަށް ނުފެނުނީތަ… އިންނާނެ މީހަކު ތިހާ ބޭނުންވެގެން އުޅެންޏާ އަހަރެން ކަލެއަށް އިންނާނެ މީހަކު ހޯދާ ދީފާނަން” ޝޫޒާ ރުޅި އައިސްގެން ރިހާމާއި ދިމާލަށް އެއްޗެހި ކިޔާފައި އޭނާގެ ކައިރީގައި ޞޮފާ ހުރީތީ އޭނާ އާއި ދިމާލަށް ވެސް އެއްޗެހި ކިޔަންފެށި އެވެ. ރުޅި ގަދަވެގެން ކޮންޓްރޯލުން ނައްޓާ ހިސާބުގައި ޝޫޒާ ހުރިއިރު އޭނާގެ އަޑުގައި ހިތްދަތިކަމެއް އެކުލެވިފައިވާކަން ގައިމެވެ. ޒުހޭރާ، ޝޫޒާގެ ވާހަކަތައް ވަގުތުން ހުއްޓުވި އެވެ.

“ބުނަން ރަނގަޅު ވާހަކައެއް، މިގެއަށް އައިސް ކަލޭ ޒުވާބު ކުރަން ނަހަދާ، ރިހާމަކީ ކުޑަކުއްޖެއްނޫން، އޭނާ ބޭނުން ކޮންމެ އަންހެނަކާއި އޭނާއަށް އިނދެވޭނެ، ނިކަން ރަނގަޅު އަންބަކަށްވެގެން ފިރިމީހާދެކެ ތިހާ ލޯބިވަންޏާ އޭނާގެ އުފާތަކަށް ހުރަސްނާޅާ ފުދިގެން އިނުން މާ ރަނގަޅުވާނެ” ޒުހޭރާ މިހެން ބުނަންވާއިރަށް ރިހާމު އައިސް ޝޫޒާގެ އަތުގައި ހިފައިގެން އެގެއިން ނެރެން ހިނގައިގަތެވެ.

ޝޫޒާ ވިލާއަށް އައިސް ވަދެވުނީ ކިރިޔާއެވެ. ރިހާމު، ޝޫޒާގެ އަތުގައި ހިފާ ސިޓުން ރޫމު ތެރެއަށް ދަމައިގަނެފައި ދޫކޮށްލިގޮތުން އޭނާ ހީވީ ވިއްސައިގެން ހިނގައިދާނެ ހެންނެވެ.

“ޝޫޒާއަކަށް ނުޖެހޭނެ އެގެއަށް ދާކަށް، އަހަރެން ބުނީމެންނު ކޮންމެހެން ޝޫޒާގެ ޚިޔާލަކަށް އަހަރެން ބޭނުމެއްނުވެޔޭ، އަހަންނާ ޞޮފާގެ ކައިވެނި ހަމަޖެހި ނިމިފައި މިހާރު އޮތީ، މި ހަފްތާ ތެރޭގައި ކައިވެނި އޮންނާނެ، އަދި ބުނަން، މިހާރު އަހަރެން ޝޫޒާއަކަށް ބޭނުމެއްނުވޭ، އެއްކޮށް އުޅޭކަށް ވެސް ގަސްދެއްނުކުރަން، އަހަރެން ބުނީމަ ބުނާގޮތް ނުހެދޭމީހަކާއި އިނދެގެން އުޅުމުގެ ބޭނުމެއްނޯންނާނެ، ތިމޫނު ފެނުނަސް އަހަރެން ފޫހިވޭ” ރިހާމުގެ ލަފުޒުތައް ޝޫޒާގެ ހިތްރޮއްވާލިއެވެ. ދެލޮލުން ހިފޭއްޓުމެއްނެތި ކަރުނަތައް ފައިބަންފެށި އެވެ.

“ރިހާމު ހީކުރަނީ އަހަރެންވަކި ރިހާމު ހެދިހާ ގޮތެއް ހެދިގެން ހުންނާނެކަމައްތަ” ރޮމުން ރޮމުން ޝޫޒާ ބުންޏެވެ. އަދި ދުވަމުން ދުވަމުން އައިސް ކޮޓަރިއަށް ވަދެ އެނދުމައްޗަށް ބަންޑުން ވެއްޓިގަތެވެ. ގޮތްދޫނުކުރާ ގޮތް ޝޫޒާގެ ހުއްޓެއްކަމަކު އޭނާ ދެރަވެއެވެ.

* * * *

ފުއާދާއި ނުހާ، ނާވީގެ ނިންމުމާއިމެދު އުފާވިޔެއްކަމަކު ގޭތެރެއަށް އަންނާނެ ފަޅުކަމާއިމެދު ދެރަވިއެވެ. އެއަރޕޯޓުގައި ނާވީ އާއި ޖިޔާގެ ޢާއިލާގެ ހުރިހާ މެންބަރުން އައިސް ތިއްބެވެ. ދުވަސްކޮޅަކަށް އެދެކުދިންނާއި ވަކިވާންޖެހޭތީ އެކަމާ ދެރަވިއެއްކަމަކު އެދެމަފިރިންގެ މުސްތަޤުބަލާއިމެދު އެންމެން ވެސް އުފާކުރިއެވެ. ޢާއިލާގެ އެއްބާރުލުން އެންމެ ފުރިހަމައަށް އެދެމަފިރިންނަށް ލިބިފައިވެއެވެ. ހާސްވާންޖެހޭ އެއްވެސް ކަމެއް މިއަދު ޖިޔާއަކަށް ނެތެވެ. ވަކިވަކިން ކޮންމެ މީހަކާއި ސަލާމްކޮށްލުމަށްފަހު ޑިޕަރޗަރ ހޯލްތެރެއަށް ނާވީ އާއި ދަރިފުޅު އުރާލައިގެން ހުރި ޖިޔާ ވަދެގެން ދިޔައެވެ.

* * * *

ރޫހެއްނެތިފައި އެނދުގައި އޮތް ޝޫޒާއަށް ރިހާމު ލޮލަށް ނުފެންނަތާ ހަތަރު ދުވަސްފަހުން ވައިސޫރިއެއްހެން ރިހާމު ދޮރުން ވަދެގެން އައިތަން ފެނުނެވެ. އަވަސް އަވަހަށް ޝޫޒާ ތެދުވެ އިށީނުމާއިއެކު ރިހާމުގެ ހަރަކާތްތަކަށް ބަލަން ފެށިއެވެ.

“ރިހާމު، ޢާއިލާއަށް މިހުރިހާ ކަމެއް އެނގިއްޖެއްޔާ ދެންވާނެ ގޮތަކާއިމެދު ނުވިސްނަންތަ” މަޑުމަޑުން އިނދެފައި ޝޫޒާ ބުންޏެވެ.

“މީ އަހަރެންގެ އަމިއްލަ ކަމެއް، އަހަރެން އިންނާނެ މީހުންނާ ނީންނާނެ މީހުންނާ ވެސް އެނގޭނީ ހަމަ އަހަންނަށް، އަހަރެންގެ ދިރިއުޅުމަށް ފާޑުކިޔޭނޭ ވަރުގެ މީހަކު ނުހުންނާނެ، މާދަމާ ރޭ އަހަރެން ޞޮފާ އާއި ކައިވެނި ކުރަން، ޝޫޒާ ތިއިނީ މިނިވަންކޮށްފައި، ބޭނުމިއްޔާ ޢާއިލާ މީހުން ގާތަށްދޭ، ތީ މިހާރު އަހަރެންގެ އަންބެއްނޫން” މިހެން ބުނެފައި ރިހާމު ވަނީ ފާޚާނާއަށެވެ.

ޝޫޒާގެ ލޮލުން ކަރުނަ ނިރާލިއެވެ. ނަމަވެސް އޭނާއަކީ ހިތްވަރުގަދަ އަންހެނެކެވެ. މިއަދު އޭނާ ދެރަވަނީ ރިހާމު އޭނާ ވަރިކުރީތީއެއް ނޫނެވެ. ރިހާމުގެ އުޅުން ހުރިގޮތުން މިއަދު ނޫނީ މާދަން އޭނާ ވަރިކުރާނެކަމަކީ ޝޫޒާއަށް ޔަގީންވެފައި އޮތް ކަމެކެވެ. ވީއިރު އޭނާ ދެރަވީ ރިހާމު ކަހަލަ މީހަކު ދެކެ ލޯބިވެވުނީތީ އެވެ. އެފަދަ މީހެއްގެ އަންބަކަށް ވެވުނީތީއެވެ. އިރުކޮޅަކު އިންގޮތަށް އިނުމަށްފަހު ޝޫޒާ ދެލޯ ފޮހެލާފައި ތެދުވެ އޭނާގެ ފޮށިތައް ނެގިއެވެ. އަދި ހުރިހާ އަންނައުނަކާއި ބޭނުންވާ ހުރިހާ އެއްޗެއް ފޮށިތަކަށް އަޅައި ބަންދުކުރިއެވެ. ރިހާމު ފާޚާނާއިން ނުކުންއިރު ޝޫޒާ ތައްޔާރުވަނީއެވެ. އެވަރުންވެސް ރިހާމުގެ ހިތަށް އެއްޗެއް ނޭރިއެވެ. އެންމެ ކުޑަމިނުން އަނގައިން ވެސް ނުބުންޏެވެ.

“އިރާދަކުރެއްވިއްޔާ ދެން އަހަރެން އެނބުރި ރިހާމުގެ ގާތަކަށް ނާންނާނަން، މިއަދު ރިހާމު އަހަރެންދެކެ ވާލޯބީގެ އަގު އަހަންނަށް ވަޒަންކުރެވިއްޖެ، އަހަންނަށް ކޮށްދިން ހުރިހާ ކަމަކަށް އަހަރެން ޝުކުރުވެރިވަން، އެކަމަކު އަހަންނަށް ރިހާމު ދީފައި ހުރި އެއްޗިއްސަކީ އަހަރެންގެ މިލްކެއް، ހީނުކުރާތި އަހަރެން އެ އެއްޗެހި އަނބުރާ ދޭނެޔޭ…. އަހަރެން މިދަނީ، ގޭގެ ތަޅުދަނޑިތައް ލަޔާ އާއި އަހަރެން ހަވާލުކުރާނަން” ޝޫޒާ މިހެން ބުނެ ރީތިވާ މޭޒުމަތީ ހުރި އޭނާގެ ސާމާނުތައް ދަބަހަށް އަޅާލުމާއިއެކު އޭނާގެ އަތްދަބަހުގެތެރެއަށް ލިއެވެ. އެއާއިއެކު އަދި އެއްފަހަރު ލޯގަނޑުން މޫނު ބަލާލުމަށްފަހު ޓިޝޫއަކުން ލޯކައިރި ފޮހެލާފައި ފޮށިތައް ދަމަމުން ކޮޓަރިން ނުކުމެގެން ދިޔައެވެ. ރިހާމު ގަބުވެފައި ހުރިފަދަގޮތަކަށް ޝޫޒާ ނުކުމެގެން ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. ބައެއްފަހަރު އޭނާގެ ޢަމަލުތައް އޭނާ ބޭނުންނުވާފަދަ ގޮތަކަށް ބެހެއްޓޭހެން ހީވެފައެވެ.

ކާރަށް އެރި ޝޫޒާ އަތުކުރީގައި އޮތް ގަޑި ބަލާލިއެވެ. ރޭގަނޑު ބާރަޖަހަން އުޅެނީއެވެ. އެފަދަ ގަޑިއެއްގައި އޭނާ ދާނީ ކޮންތާކަށްކަމެއް ނުވިސްނުނެވެ. ޖެހިގެން ހުރި ސީޓުމަތީ އޮތް އޭނާގެ އަތްދަބަސް ހުޅުވާލުމާއިއެކު ޑައިރީ ނެގިއެވެ. އަވަސްއަވަހަށް ގަނޑުތައް އުކާލުމާއިއެކު ހޮޓަލެއްގެ ނަންބަރު ހޯދާލިއެވެ. މިވަގުތަށް ޝޫޒާގެ ސިކުނޑިއަށް އައީ ހޮޓަލެއްގައި މަޑުކުރުމެވެ. މާލޭގައި އެޕާޓްމެންޓެއް ހޯދުމަކީ ފަސޭހަކަމެއް ނޫންކަން އޭނާއަށް އެނގެއެވެ. ވީއިރު އޭނާ ހިތްހަމަޖެހޭ ފަދަ ތަނެއް ލިބެންދެން އެހޮޓަލުގައި މަޑުކުރަން ނިންމިއެވެ.

އަމިއްލަ ކާރުގައި އައިސް މަޑުކޮށްލީ ޕަރކްވިއު ހޮޓެލްގެ ދޮރުމައްޗަށެވެ. ރާއްޖޭގެ ހޮޓެލް ދާއިރާގެ އެއްނަންބަރުގެ މަގާމުގައިވާ މަޝްހޫރު ވިޔަފާރިވެރިޔާ މަންސޫރުގެ ހޮޓަލެވެ. ޝޫޒާ އެތަން ޚިޔާރުކުރީ އޭނާ ބޭނުންވާ ފެންވަރަށް ހުރިހާ ޚިދުމަތެއް ލިބެން ހުންނާނެ ތަނަކީ އެއީ ކަމަށްވީމައެވެ. ހޮޓެލްގެ ދޮރުމައްޗަށް ކާރު މަޑުކޮށްލުމާއިއެކު މީހަކު އައިސް ދޮރުހުޅުވާލަ ދިނެވެ. ޝޫޒާ ފޮށިތަކަށް އިޝާރާތްކޮށްލުމުން އެހެން ސްޓާފަކު އައިސް ޝޫޒާގެ ފޮށިތައްނަގާ އެހިފައިގެން އެތެރެއަށް ހިނގައިގަތެވެ. ތަޅުދަނޑި ޖަހާފައިވާ ކާރަށް ހޮޓެލްގެ ދޮރުހުޅުވާލަ ދިން ސްޓާފު އަރާ ޚާއްޞަކުރެވިފައިވާ ޕާކިންގ ލޮޓުގައި ކާރު ޕާކު ކުރުމަށް ދުއްވާލިއެވެ. އަތުގައި އަޅުވާލާފައި އޮތް އަތްދަބަހާއިއެކު ހޮޓެލްގެ ލޮބީއިން ވަދެގެން އައިސް ރިސެޕްޝަން ކައުންޓަރު ކައިރީ މަޑުކޮށްލުމާއިއެކު ފާރުގައި ހަރުކޮށްފައި ހުރި ސްޓަރަކްޗަރ ފްރޭމްތަކުގައި ޝޫޒާގެ ލޯ އަޅައިގަތެވެ. އެންމެ އިސްފަރާތަކީ މަންސޫރުގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ޒައުލް އެވެ. އަދިވެސް އޭނާ ހާދަ ރީއްޗޭ ޝޫޒާގެ ހިތަށް އެރުމުން ދެރަވެފައިހުރެ ވެސް އެކަމާ ހިނިތުންވެލެވުނެވެ. އެވަގުތު ރިސެޕްޝަންގެ ކައިރީ މަޑުކޮށްލައިގެން ހުރި ޝޫޒާ ހޮޓަލުގެ ރެސްޓޯރަންޓުން ނުކުމެގެން ދިޔަ ޝީހާމުގެ ލޮލުގައި އަޅައިގަތެވެ. ގާތުގައި ހުރި އެކުވެރިޔާ އާއި ސަލާމްކޮށްލުމާއިއެކު އޭނާ އާއި ވަކިވެގެން ޝޫޒާގެ ގާތަށް އޭނާ ހިނގައިގަތެވެ. ކޮޓަރިއަށް ދިއުމަށްޓަކައި ހޮޓެލްގެ ސްޓާފަކާއިއެކު ޝޫޒާ ހިނގައިގަތް ވަގުތު ޝިހާމު އޭނާއަށް ގޮވާލިއެވެ. ފަހަތަށް އެނބުރި ބަލާލި ޝޫޒާއަށް ޝިހާމު ފެނުމުން އޭނާގެ މޫނުމަތިން ހިތްދަތިކަން ފާޅުވެގެން ދިޔައެވެ. އޮފީހުން ފަނަރަދުވަހުގެ ޗުއްޓީއެއް ނެގިފަހުން ޝިހާމަށް ޝޫޒާ އަދި މި ފެނުނީއެވެ. ޝޫޒާއަށް އައިސްފައިވާ ބަދަލާއިއެކު ޝިހާމުގެ ހިތުގައި އެތަށް ސުވާލެއް އުފެދިގެން ދިޔައެވެ. މިފަދަ ވަގުތެއްގައި ހޮޓަލަކުން ޝޫޒާ ފެނުމީ ވެސް ރަނގަޅު ފާލެއް ނޫންކަން ޝިހާމަށް ވިސްނުނެވެ.

“މިތާ… ޝޫޒާ… އިޒް އެވްރިތިންގް އޯލްރައިޓް” ދެތިން ފިޔަވަޅު ދުވެލާފައި އައިސް ޝޫޒާ އާއި އަރާ ހަމަކުރަމުން ޝިހާމު އަހާލިއެވެ. އެއާއިއެކު ޝޫޒާ ދެފަރާތަށް ބޯހޫރާލިއެވެ.

“އަހަރެން ޝޫޒާ އާއިއެކު ރޫމާ ހަމައަށް ދިއަޔަސް އެންމެ ރަނގަޅުތަ” ޝިހާމު، ޝޫޒާގެ އުނަގަނޑުގައި އަތްޖައްސާލަމުން އަހާލިއެވެ. ބަސްމަދުވެފައި ހުރި ޝޫޒާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

ކޮޓަރިއަށް ހުރިހާ ސާމާނެއް ލާފައި ހޮޓެލްގެ ސްޓާފް ދާން ހިނގައިގަތުމުން ޝިހާމު އޭނާއަށް ޓިފްސްގެ ގޮތުގައި ފައިސާ ދިނެވެ. އަދި ޝޫޒާ އާއިއެކު އެކޮޓަރިއަށް ވަނެވެ. އިތުރަށް މަޑުކުރުމެއްނެތި އޭނާ ޝޫޒާ އާއި ސުވާލު ކުރަން ފެށިއެވެ.

“ރިހާމު… އޭނާ… އޭނާ އަހަރެން ވަރިކޮށްފި” ޝޫޒާ މިހެން ބުނުމުން ޝިހާމުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހަމައެހިނދު އޭނާގެ ދެބުމަ ކައިރިކޮށްލެވުނެވެ.

“އަހަރެން ބުނީމެންނު ޝޫޒާ ގާތު އެއީ އިނދެގެން އުޅޭވަރުގެ މީހެއް ނޫނޭ، އޭނާއަށް ޓްރަސްޓު ނުކުރާށޭ، މާދަމާ އެހެން އަންހެން ކުއްޖެއް ފެންނައިރަށް އެ އަންހެންކުއްޖާ ފަހަތުން ތި ރިހާމު ދާނެކަން ޔަޤީން” ޝިހާމުގެ އަޑުގައި ވަނީ ހިތްހަމަނުޖެހުމެވެ.

“ޝިހާމު ވެސް ކުއްޖަކުދެކެ ލޯބިވީމަ އެނގޭނީ” ޝޫޒާ ބުންޏެވެ.

“ހޫމް! ތީވެސް ތެދެއް، ލޯބިވީމަ ކޮންމެކަމެއްވެސް ކުރެވިދާނެ” ޝިހާމު، ޝޫޒާ ބުނިއެއްޗަކަށް ވިސްނާލަމުން މަޑުމަޑުން ބުންޏެވެ. އޭނާ ވެސް އަންހެން ކުއްޖެއްދެކެ ލޯބިވިއެވެ. ނަމަވެސް އެއީ އޭނާގެ ނަސހީބުގައި ނެތްކަމެކެވެ. އެ އަންހެންކުއްޖާ ވީ އެހެން މީހެއްގެ ހައްޤަކަށެވެ. ބޭވަފާތެރިވުމަކީ އެ އަންހެންކުއްޖާގެ ޠަބީޢަތުގައި ވާ ސިފައެއް ނޫންކަން އެނގުނީ މާފަހުންނެވެ. އޭނާ އާއިއެކު އުފެދުނު ގާތްގުޅުންވީ ކުރެވުނު ކުށަކަށެވެ. ދުރަށް ދިޔައީ އެހެންވެއެވެ. މިހާރު އެވަނީ އޭނާގެ އަތްނުފޯރާހާ ދުރަށް ގޮސްފައެވެ. ފުންނޭވާއެއް ލާފައި ޝިހާމު އައިސް ޝޫޒާގެ ކޮނޑުގައި ދެއަތުން ހިފާލިއެވެ.

“ދެރަވާނެކަމެއްނެތް، ޝޫޒާ މިކަހަލަ ތާކު ތިގޮތަށް އުޅޭކަށް އަހަރެން ބޭނުމެއްނުވޭ، އެކުވެރިޔަކަށްވެ ހުރެ އެހީތެރިކަން ފޯރުކޮށްދޭން ބޭނުން، އަހަރެންގެ ގެއަކީ ހުސްކޮށް ހުންނަ ގެއެއް، މަންމަމެން މާލޭގައި ނޫޅޭތީ އަހަރެން ފިޔަވާ ދެން އުޅޭނީ ނޯކަރުން، ޝޫޒާ ބޭނުން ދުވަހަކު އަހަރެންގެ ގޭގައި މަޑުކުރެވޭނެ، ހިނގާ އަހަންނާއިއެކު” ޝިހާމު ބުންޏެވެ

“ނޫން! ނޫން! އޭރުން މީހުން ދެކޭނީ ކިހިނެއް، ތީ އަހަރެންގެ ބޮސް، ބޮސްގެ ގޭގައި އަހަރެން ހުންނަންވެއްޖެނަމަ ފާޑުފާޑުގެ އަޑުތައް އަރާނެ، އަހަންނަކަށް ނުކެރޭނެ” ޝޫޒާ ބުނެލިއެވެ.

“މިޒަމާނުގައި މީހަކު އެއްޗެއް ނުކިޔާނެކަމަކަށް އެއްކަމެއް ވެސް ނުކުރެވޭނެ، ސޯ ޕްލީޒް ޝޫޒާ، އަހަރެންގެ އެކުވެރިކަން ޤަބޫލުކުރޭ” ޝިހާމު އާދޭހުގެ ގޮތަކަށް ބުނެލިއެވެ. އެތަށްއިރަކު އެއްޗެއް ނުބުނެ ޝިހާމަށް ފުރަގަސް ދީގެން ހުރި ޝޫޒާ އެކުވެރިޔާގެ އެދުން ޤަބޫލުކުރިއެވެ. މިވަގުތު އެކަނިވެރިކަމަށްވުރެ އެކުވެރިޔެއްގެ އެހީތެރިކަން އޭނާއަށް މުހިންމުކަން އަމިއްލަ ޟަމީރު ވިސްނައިދިނެވެ.

* * * *

ތިންވަނަ ފަހަރަށް ހަޔާތަށް އައު އަންހެން ކުއްޖަކު ގެނައުމަށްޓަކައި ރިހާމު އިނީ ދުވަހަކުވެސް ކެތްމަދުނުވާފަދަ ގޮތަކަށް ޤާޟީއަށް ބަލަހައްޓައިގެންނެވެ. “އަނބިޤަބޫލު ކުރުމަށް” އަހާނޭ ވަގުތަކަށެވެ. ގާތުގައި ޖެހިގެން އިން ޞޮފާގެ ތުންފަތުގައި ލުއިހިނިތުންވުމެއް ވިއެއްކަމަކު އޭނާގެ ހިތް އުފަލުން އުދުހޭ ކަހަލައެވެ. ރިހާމުގެ އަންބަކަށް ވުމުގެ ހުވަފެން ހަޤީޤަތަކަށް ވާންއުޅޭތީއެވެ. އެކަމަކު އެތަނުގައި އެމީހުންނަށްވުރެ އުފާވެފައި ހުރި އެހެން މީހަކު ވިއެވެ. އެއީ ޞޮފާގެ މަންމަ ޒުހޭރާއެވެ. އޭނާގެ ރޭވުންތައް ކާމިޔާބު ވީތީ އެކަމާ އޭނާ ހުރީ ދުވަހަކުވެސް އުފާނުވާ މިންވަރަށް އުފާވެފައެވެ.

ޒުހޭރާ ބޭނުންވި ފެންވަރުގެ ބޮޑު ހަފްލާއަކަށް ކައިވެނި ޕާޓީވެގެން ދިޔައެވެ. ކޮންމެ މީހަކުވެސް އަންނަނީ ކަންބަލަންކަން ޔަޤީނެވެ. ގިނަ މީހުންނަށް ރިހާމަކީ ކާކުކަން އެނގޭ ކަހަލައެވެ. އެމީހުންގެ ލޯތައް ޕާޓީ އިންތިޒާމު ކުރެވިފައިވާ ގޮތަށް ހުއްޓެމުން ދިޔައެވެ.

“އޭރުވެސް ހީވިޔޭ މިދުވަސް ފެނިދާނެހެން…” ސަލާމްކޮށްލުމާއިއެކު އަތުގައި އޮތް ޕާރުސަލް ޞޮފާއަށް ދިއްކޮށްލާފައި އޭނާގެ ކަންފަތްކައިރީ މަޑުމަޑުން މާޝާ ބުނެލިއެވެ.

“އަހަންނަށް ވެސް އުފާވުމުގެ ހައްޤު ލިބެންވާނެ އެންނު” ޞޮފާ، މާޝާއަށް ރައްދު ޖަވާބުދިނެވެ. ނަމަވެސް މާޝާ ހިނިތުންވެލީ މާނަ ފުންގޮތަކަށެވެ.

“އެހެންމީހުންގެ ދިރިޅުން އަމިއްލަ އުފަލަށްޓަކައި ހަލާކުކޮށްލުމަކީ ޞޮފާމެން ކަހަލަ އަންހެނުންނަށް އުފާ ހާޞިލުވުން ކަމުގައި ވެދާނެ، ކިހާ ދުވަހަކު ތިހެން ދެމި ހުރެވޭނެބާ، ގިނަފަހަރަށް މިކަހަލަ އަންހެނުންނާއި ހެދި އަމިއްލަ ފިރިމީހާއަށް އޮންނަ އިތުބާރުވެސް ގެއްލެނީ” ހިނިތުންވެލި މާޝާގެ ހިތަށް އެރިއެވެ. އަދި ފިރިމީހާ އާއިއެކު މީހުންގަނޑުގެތެރެއަށް ހިނގައިގަތެވެ.

ކައިވެނީގެ ފުރަތަމަ ރެއެކޭ މީގެ ކުރިން ރިހާމާއިއެކު ހޭދަވި ރޭތަކެކޭ ޞޮފާއަށް އެއްވެސް ތަފާތެއްނެތެވެ. އެހެންނަމަވެސް މިރޭ ޞޮފާއަށް ލިބޭ އުފަލަކީ ރިހާމު ތެދުވެގެން އޭނާ ދޫކޮށް ނުދާނޭކަމެވެ. ގާތުގައި އޭނާ ބޭނުންވާ ކޮންމެ ވަގުތަކު ހުންނާނެކަމެވެ. ވަރުބަލިކަމާއިއެކު ނިދިފައި އޮތް ރިހާމުގެ މޫނުގައި ފިރުމާލަމުން ނިތްކުރީގައި ޞޮފާ ބޮސްދިނެވެ. އަދި ދެލޯ މަރާލީ ހިތްހަމަޖެހުމާއިއެކު ނިދާލުމަށްޓަކައެވެ.

* * * *

3 އަހަރު ފަސް…

ކޮޓަރިތެރެ ސާފުކުރަން އުޅުނު އިބާއަށް ދޮރުންވަން ތަހުމީނާ ގޮވާލުމާއިއެކު ބަލާލިއެވެ. ހަމައެވަގުތު ތަހުމީނާގެ ފަހަތުން ދުވެފައި ކަހަލަ ގޮތަކަށް ވަން އައިކު “މަންމީ” އޭ ގޮވާލި އަޑުވެސް އިވުނެވެ.

“މީހަކު އެބަހުރި ދަރިފުޅު ހޯދަން އައިސް، މަންމަ މިއައީ ސިޓިން ރޫމަށް ވަންނަން ބުނެފައި، އެކަމަކު އޭނާ ހީވަނީ ވަރަށް އަވަހަށް ދާން ބޭނުންވެފައި ހުރި މީހަކު ހެން” ތަހުމީނާ މިހެން ބުނެލުމުން އިބާގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. އޭނާގެ ރަޙުމަތްތެރިން ތަހުމީނާ އާއި ވާހަކަދައްކާނެއެވެ. ނުކެރިފައި ބޭރުގައެއް ނުހުންނާނެއެވެ. ވީއިރު އެއައީ ކާކުބާއޭ އިބާގެ ހިތަށް އެރިއެވެ. އޭނާ އަވަސް އަވަހަށް މޫނުގެ ފަރާތް ފަރާތަށް ވެރިފައި ހުރި އިސްތަށިތައް ރަނގަޅުކޮށްލަމުން ލައިގެން ހުރި ޓޮޕަށް ދަމާލާފައި ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

“ދަރިފުޅާ، ކިހިނެއްތަ ތިއުޅެނީ، ހަޑިކޮށްއުޅެންޏާ ބައްޕަ ދުރުވީމަ އައިކުގެ ވާހަކަ ބުނާނަން” އިބާގެ ފައިގައި ދަރިފުޅު އައިކު އައިސް ބައްދައިގަތުމުން ބުނެލިއެވެ.

“މަންމީ، އައިކުއަށް އެއްކަލަ ބަޑި ގަނެދީބަލަ” އައިކު، އިބާގެ ފައިން ދޫކޮށްލުމާއިއެކު ބުނެލިއެވެ.

“އައިކްގެ ފޯތުވަނަ ބާތްޑޭގައި ލިބުނެންނު ބަޑިއެއް، ކޮބާ އެބަޑި، ހަލާކުވީ ދޯ… މިހާރުވެސް އައިކު އަތުގައި ބައިވަރު ކުޅޭ އެއްޗެހި އެބަހުރި، ދެން ކީއްކުރަން އަލުން އާ އެއްޗެއް ގަންނަންވީ، ދޭބަލަ މާމަ ކައިރިއަށް” އިބާ ސިޓިން ރޫމުން ބޭރަށް ނުކުންނަން ވެގެން އައިކު ފޮނުވާލިއެވެ. ދުވެލާފައި އުޅޭ އައިކު ތަހުމީނާގެ ގާތަށް ދިއުމުން ހިނިތުންވެލާފައި އިބާ ސިޓިން ރޫމުން ބޭރަށް ނުކުތެވެ.

“ކާކުބާ” ފުރަގަސްދީގެން ހުރެ އަތުގައި ހުރި އެއްޗެހިތަކެއް ބަލަމުން ދިޔަ ޒުވާނާއަށް އިބާ ބުނެލިއެވެ. އެހިނދު އޭނާ އެނބުރިލާފައި އިބާއަށް ގޮވާލިއެވެ. ސިހިގެން ދިޔަ އިބާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުމާއިއެކު އޭނާގެ މޫނުމަތިން ހާސްކަން ފެނިގެން ދިޔައެވެ.

“ކީއްކުރަން މިގެއަށް ތިއައީ” ދެބުމަ ކައިރިކޮށްލެވުމާއިއެކު އިބާ އަވަސް އަވަހަށް އަހާލިއެވެ. އަދި ހާސްވެފައި ހުރެ ސިޓިން ރޫމުން އެތެރެއަށް ބަލާލެވުނެވެ. ފެންނަ ހިސާބުގައި މީހަކު ހުރިތޯއެވެ. ނަސީބަކުން އައިކު އާއި ތަހުމީނާ އުޅެނީ އެތެރޭގައެވެ. ގެންގުޅޭ މީހާ ބަދިގެފަރާތުގައިކަން ވާނީ އެނގެއެވެ.

“އަން! މީތި ދޭންވެގެން މިއައީ، ކޮންމެހެން އިބާއަށް އުނދަގޫ ކުރާކަށްނޫން” ޝިހާމު ބުނެލިއެވެ. އެއާއިއެކު އިބާ، ޝިހާމު ދިއްކޮށްގެން ހުރި ކުޑަފޮށީގައި ހިފިއެވެ. އެއީ ވަރަށް ރީތިކޮށް ރަންކުލައިގެ ރިބަނުން ހަދާފައިވާ ނޫފޮއްޓެކެވެ.

“މީ ކޯއްޗެއް؟ ކޮންމެވެސް ބަހަނާއެއް ދައްކާފައި މިގެއަށް އަންނަން ބޭނުންވީ ދޯ” އިބާ އަދިވެސް ހުރީ ހިތްހަމަނުޖެހިފައި ހުރިފަދަ ގޮތަކަށެވެ.

“ތީކޯއްޗެއްކަން އެއްފަހަރުވެސް ހުޅުވާ ބަލާލަބަލަ” ޝިހާމު އެދުނެވެ.

“ޝޫޒާ ވެޑްސް ޝިހާމް” ހުޅުވާލި އެފޮށީގައި އޮތް ރަންކުލައިގެ ތުނި ތުނި ފޮތިކޮޅުގައިވާ ނަންތައް އިބާ ކިޔާލިއެވެ.

“އަހަންނަށް ދެން މާފުކުރަންވީނު” އިބާ އޭނާގެ އަތުގައިވާ ފޮތިކޮޅަށް ބަލަހައްޓައިގެން ހުއްޓާ ޝިހާމު ބުނެލިއެވެ.

“މީ… މީ އޮފީހަށް އަހަރެންގެ ބަދަލުގައި އަލަށް އައި ކުއްޖާތަ” އިބާ ހައިރާންވެފައި އަހާލިއެވެ. އެއާއިއެކު ޝިހާމު ބޯޖަހާލިއެވެ.

“އޮފީހުން ވިޔަސް ކުއްޖަކު ހޯދައިގެން އިންނަން އުޅޭތީ އުފާވޭ” އެތަށް އަހަރަކަށްފަހު އިބާގެ ފަރާތުން ޝިހާމަށް ހިނިތުންވުމެއް ލިބުނެވެ.

“ލޯބިވެވޭނީ އެއްފަހަރު، މިހާރު ބޭނުންވަނީ އެލޯބި ނުލިބުނެއްކަމަކު އެލޯބިވެރިޔާ އެދުނު ކަންތައްކޮށްދެން، އެއީ މީހަކާ އިނުން، ދިރިއުޅުމެއް ފެށުން، ހިތަށް އެރީ އޭރުން އަހަންނަށް ކުރެވުނު ކަންތައްކަށް މާފު ލިބިދާނެއޭ” ޝިހާމު ލުއިގޮތަކަށް ހިނިތުންވެލައިގެން ހުރެ ބުންޏެވެ.

“ޝިހާމު އަދިވެސް ބަދަލެއްނުވޭ ދޯ، އަންހެން ކުއްޖެއްގެ ދިރިއުޅުން ހަލާކުކޮށްލަން ބޭނުންވެގެންތަ ކައިވެނިކުރަން ތިއުޅެނީ” އިބާ ބުންޏެވެ.

“އަލުން ލޯބިވެވިދާނެކަމުގެ އުންމީދުގައި، ފަހަރެއްގައި ވެސް މީހަކަށް ލަނޑެއްދޭކަށްނޫން، މިހާ ދުވަހު މީހަކާ ނީނދެ މަޑުކުރީ އަންހެން ކުއްޖަކަށް ލަނޑެއް ނުދޭންވެގެން، މިހާރު އަހަރެން ވެސް ހަޔާތަށް ބައިވެރިއަކު ގެންނަން ބޭނުން، އިންތިޒާރު ކުރުމަކީ ބޭކާރު ކަމެކޭ އިބާ ބުނީމެންނު” ޝިހާމު ބުންޏެވެ.

“އާން! އިންތިޒާރު ކުރުމަކީ ބޭކާރުކަމެއް، އެވަރު ޝިހާމަށް ވިސްނުނީތީ ހިތްހަމަޖެހިއްޖެ، އުފާވެރި އަދި ބާއްޖަވެރި ކައިވެންޏަކަށް އެދެން، މާފުކުރާ ވާހަކަދައްކާއިރު، ވީކަމެއް އެޔޮތީވެފައި، މާޒީގެ ވާހަކަ އަލުން ދައްކައި އެހަނދާންތައް އިޔާދަކުރާކަށް އަހަރެން ބޭނުމެއްނޫން، ކުރެވުނުކަމެއް ކުރެވުނީ އަހަރެންގެ ނުރުހުމުގައެއް ވެސް ނޫން، އެހެންވީމަ އާދޭސްކޮށްފައި ބުނަން، ދެން އިތުރަށް ޝިހާމު އެވާހަކަ ނުދައްކަ ފާނަންތަ، މުސްތަޤުބަލާ ކުރިމަތިލާން އުޅޭއިރު މާޒީގެ ސޮފުހާތަކަށް ނުބެލިއްޔާ ރަނގަޅުވާނީ” އިބާ މިހެން ބުނިއިރު އޭނާގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރުތައް ފިލައިފިއެވެ.

“ރަނގަޅުވާހަކައެއް، ހަތަރު ވަރަކަށް އަހަރު މިވީ އިބާ ނުފެންނަތާ، ކިހިނެއްތަ ހާލު، ކޮބާ ދަރިފުޅު، ވަރަށް ބޮޑުވެއްޖެ ދޯ، ފިރިމީހާ ރަނގަޅުތަ” ޝިހާމު ހިނިތުންވެލައިގެން ހުރެ އަހާލިއެވެ.

“ހޫމް، ހުރިހާކަމެއް ވެސް ރަނގަޅު، ދަރިފުޅަށް ހަތަރު އަހަރު ފުރުނީ އިހަކަށްދުވަހު، އެހެންވީމަ ކުޑައެއްނޫނެންނު” އިބާ ވެސް ބަދަލުގައި ހިނިތުންވެލައިގެން ހުރެ ބުނެލިއެވެ.

“ވަރަށް އުފާވެއްޖެ އިބާ އަހަންނާ ވާހަކަދެއްކީތީ، އަދި އެނގޭ ތިއުޅެނީ ވަރަށް އުފަލުގައިކަން، އެވަރުން އަހަންނަށް ފުދޭ، އަހަރެން ދެން ދަނީ، ވަރަށް އުންމީދުކުރަން އިބާ އަހަރެންގެ ކައިވެނި ޕާޓީއިން ފެންނާނެކަމަށް” ޝިހާމު ބުނެލިއެވެ.

“އިރާދަކުރެއްވިއްޔާ ދެވޭތޯ ބަލާނަން، އެކަމަކު އަހަރެން ބޭނުމެއްނޫން ޝިހާމަކީ އަހަންނާ ކޮންމެ ދުވަހަކު ދިމާވާފަދަ ރަޙުމަތްތެރިއަކަށް ހަދާކަށް، ޝިހާމު ފެންނަ ކޮންމެ ފަހަރަކު މާޒީ ލޯކުރިމަތިން ސިފަވާހެން ހީވަނީ، އަހަރެން އެދުވަސް މަތިން ހަނދާންނައްތާލަން ބޭނުންވަނީ، އެހެންވެ ޝިހާމާއި ވާހަކަދައްކާ ބައްދަލުކުރަން ބޭނުންނުވަނީ” އިބާ އިސްޖަހާލަމުން ބުނެލިއެވެ.

“އެނގޭއެކަން، އިބާ ބޭނުންވި ދުރުމިނެއްގައި އަހަރެން ހުންނާނަން، އަބަދުވެސް ހަނދާންކުރާތި، ބޮޑުކަމެއްޖެހިއްޖެއްޔާ ޝިހާމު ކިޔާ ރަޙުމަތްތެރިއަކު ވެސް އެބަހުރިކަން، ފޯންކޯލެއްގެ ދުރުމިން އަހަރުމެން ދެމީހުންގެ ދެމެދުގައިވަނީ…” ޝިހާމު މިހެން ބުނުމާއިއެކު އިބާ އޭނާއަށް ބަލާލަމުން ބޯޖަހާލީ ހިނިތުންވެލައިގެން ހުރެއެވެ. އެހިނިތުންވުން ޝިހާމުގެ ހިތަށް ހަމަޖެހުންލިއްބައިދިނެވެ. އޭނާ އެނބުރި އެގެއިން ނުކުންނަން ހިނގައިގަތެވެ.

“ކާކުތަ އެއީ، ތީ ކޯއްޗެއް” އިބާ އެތެރެއަށް ވަނުމާއިއެކު ތަހުމީނާ އަހާލިއެވެ. އެއާއިއެކު އިބާގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ހާސްކަން ފެނިގެންދިޔައެވެ. އަނެއްކާ ތަހުމީނާ އޭނާ އާއި ޝިހާމު ދެއްކި އެއްވެސް ވާހަކައެއް އަޑުއެހީބާއޭ އިބާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް މޫނުމަތިން ހަމަޖެހިފައި ހުރިގޮތް ދައްކާލަމުން އިބާ ވާހަކަދެއްކިއެވެ.

“އެއީ އޮފީހުގައި އުޅުނުއިރުގެ ރައްޓެއްސެއް، މީހަކާ އިންނާތީ ކާޑުދޭންވެގެން އެއައީ” އިބާ އާދައިގެ ގޮތަކަށް ބުނެލިއެވެ.

“މީ ކާޑެއް، ހާދަ ފާޑަކަށޭ މިހާރު ކައިވެނި ޕާޓީތަކަށް ދައުވަތު އަންނަނީ ވެސް ދޯ” އިބާގެ އަތުގައި އޮތް ފޮށި ގެނެސް ތަހުމީނާއަށް ދިނުމުން އޭތި ބަލާލާފައި ހައިރާންވެގެން އޭނާ ބުނެލިއެވެ.

“މަންމާ، އައިކު އުޅޭގޮތް ބަލާލައްޗޭ، މިދަނީ ކޮޓަރިތެރެ ސާފުކޮށް ނިންމާލަން، އޭރުން ޒުކަން އަންނަންވާއިރަށް ނިންމާލެވޭނީ” އިބާ، ތަހުމީނާ ކިޔާއެއްޗަކަށް މާބޮޑު ސަމާލުކަމެއް ނުދީ ބުނެލިއެވެ.

* * * *

ކާޕެޓުމައްޗަށް އުކާލާފައި ހުރި ހުރިހާ ކުޅޭ އެއްޗެއް ނަގާފައި ޞޮފާއަށް ހިންދެމިލެވުނީ ކިރިޔާއެވެ. އިރުކޮޅެއް ވަންދެން އުނަގަނޑުގައި އަތްވިދެލައިގެން ޞޮފާ މަޑުކޮށްލިއެވެ. އޭރު އޭނާއަށް މާނޭވާލެވިފައި ހުއްޓެވެ. އޭނާ އާއި ރިހާމުގެ ކައިވެންޏަށް ދޮޅު އަހަރުގެ އީނާޝް ލިބުނު އިރު، މިހާރު އަނެއްކާވެސް އިނީ ދެވަނަ ދަރިއަކަށް ބަލިވެއެވެ. ކައިވެންޏަށްފަހު ރިހާމުގެ ސެކްރެޓެރީގެ މަގާމު ޞޮފާ ދޫކޮށްލާފައި އަންބެއްގެ މަގާމާއި ހަވާލުވިއެވެ. އޭނާގެ ހުރިހާ ވަގުތެއްވަނީ ރިހާމަށް ހުސްކުރެވިއެވެ. އުފާވެރި ކުޑަކުޑަ ޢާއިލާއެކެވެ. ޞޮފާގެ ގެ އޭނާގެ މަންމަގެ އެދުމުގެ މަތިން ބުރިބުރިއަށް މައްޗަށް ހިއްލާލުމުގެ މަސައްކަތް ރިހާމު ފެށިއެއްކަމަކު އެކަން އޮތީ ވަގުތީ ގޮތުން މަޑުޖެހިފައެވެ. ރިހާމު ޞޮފާ ގޮވައިގެން އުޅެމުންދަނީ ޝޫޒާ ވިލާގައެވެ. ހަމަޖެހިގެން އުޅުނެއް ކަމަކު ޞޮފާ ގެއަށް ކިޔާ ނަމާއިމެދު އެއްވެސް ވަރަކަށް ހިތްހަމައެއް ނުޖެހެއެވެ. ޒުހޭރާވެސް އެގޭގެ ނަން ބަދަލުކުރުމަށް ރިހާމަށް ބާރުއަޅަމުން ދެއެވެ. އެހެންނަމަވެސް ރިހާމަށް މިފަހަކަށް އައިސް ވެގެން އުޅޭގޮތެއް ނޭނގެއެވެ. ޞޮފާ ކިތަންމެ ވަރަކަށް ބުންޏަސް ކަންތައްތައް ހުންނަނީ ނުނިމިފައެވެ.

“ރިހާމު، ލަޔާ ޗުއްޓީއަށް ފުރަންވެގެން އުޅެނީ، އޭނާ ކުރާ މަސައްކަތްތައް އަހަންނަށް މިހާރު ކަމަކުނުދޭ، އައުމީހަކު ގެންނަންވީނު” ހަވީރު ސައިބޯން ކާމޭޒު ކައިރީ އިން ރިހާމުގެ ގާތުގައި ޞޮފާ ބުންޏެވެ. ނަމަވެސް ރިހާމު އަނގައިންނެއް ނުބުންޏެވެ.

“ބަލަ ރިހާމު، ކޮންކަމަކަށް ގެއްލިފަތަ ތިއިންނަނީ” ޞޮފާ ރިހާމުގެ ކޮނޑުގައި އަތްޖައްސާލަމުން ގޮވާލާފައި ބުންޏެވެ.

“އޭން! ކީކޭ” ކަމަކަށް ގެއްލިފައި އިން މީހަކު ފަދައިން ރިހާމު ބުނެލިއެވެ.

“މިބުނީ ލަޔާ މިފަހަރު ޗުއްޓީއަށް ދިޔައީމަ ދެން ގެންނާނެކަމެއްނެތޭ، އޭނާގެ ބަދަލުގައި އައުމީހަކު ގެންނަން ހިނގާށޭ” ޞޮފާ ބުނިއެއްޗެއް ތަކުރާރުކޮށްލިއެވެ.

“ތިކަމާ އަހަރެން ވިސްނާނަން، ޞޮފާ، އަހަރެން ވަރަށް އަވަހަށް ފުރަންވެގެން މިއުޅެނީ، ފަހަރެއްގައި މާދަމާ ރޭވެސް ފުރަންޖެހިދާނެ، ފެންނަ ހިސާބުގައި ފޮށި ތައްޔާރުކޮށްލާފައި ބަހައްޓައްޗޭ” ރިހާމު ބުނެލިއެވެ.

“ދެމަހުން އެއްމަހު ކަހަލަ ގޮތަކަށް ރިހާމު ބޭރަށް ފުރަންޖެހޭ، ކޮންމެ ފަހަރަކުވެސް ބުނޭ އޮފީސް ކަމަކުއޭ، އެކަމަކު އޮފީހާ ގުޅުން ހުރި ކޮންކަމަކު ކަމެއް އަހަންނަކަށް ނޭނގޭ، މި އަހަރު ވަކިން ގިނައްވެއްޖެ ރާއްޖޭން ބޭރަށް ދަތުރުކުރާލެއް، އަނެއްކާ… އަނެއްކާ ރިހާމުގެ އިތުރު އަންބެއް ރާއްޖޭން ބޭރުގައި ހުރީބާ…” އެއްޗެއް ނުބުނެ އިން ޞޮފާގެ ހިތަށް އެރި އެވެ.

“ރިހާމު، މިހާރު ހާދަ ފާޑަކަށޭ ތިއުޅެނީ، ހުރިހާ ކަމެއް ރަނގަޅުތަ، އަބަދު ހީވަނީ ކޮންމެވެސް ބޮޑު ފިކުރެއް ކުރާހެން، އަހަރެންގެ އެހީތެރިކަމެއް ބޭނުންތަ” ޞޮފާ މޭޒުމަތީ އޮތް ރިހާމުގެ އަތުގައި ފިރުމާލަމުން ބުނެލިއެވެ. އެކަމާ ރިހާމު އެހާ ގަޔާވިހެނެއް ހިޔެއްނުވެއެވެ. އޭނާ ބެލީ އަވަސް އަވަސްކޮށްލައިގެން ސައިމޭޒުދޮށުން ދުރަށް ދެވޭތޯ އެވެ.

* * * *

“ދުރަށް ދަނީތަ” ލާނެތްގޮތަކަށް ހީނލާފައި ޖިޔާގެ އަތުގައި ހިފާ ދަމައިގަންނަމުން ނާވީ ބުންޏެވެ. އެއާއިއެކު ޖިޔާ އައިސް ލައްވީ ނާވީގެ މޭގަ އެވެ.

“އިޝްކޮ އަތުވެދާނެ” ޖިޔާ ދުރަށް ޖެހިލަން މަސައްކަތް ކުރަމުން ބުންޏެވެ.

“އިރާދަކުރެއްވިއްޔާ ދެން އެންމެ އަވަހަށް އަންނާނީ އަހަރުމެންގެ ދެވަނަ ދަރިފުޅު” ނާވީ ޖިޔާގެ ބަނޑުގައި ފިރުމާލަމުން އެދޮން ކޯތާފަތުގައި ބޮސްދިނެވެ.

މާލެ އައިފަހުން ޖިޔާ އަށާއި ނާވީއަށް ފުއާދު ހުންނަނީ ވަކިން އެޕާޓްމެންޓެއް ދީފައެވެ. ކުދިންގެ އުމުރުން ވަކިވަރެއްވީމާ މައިންބަފައިންނާއި އެއްކޮޓަރިއެއްގައި ނިންދެވުން ރަނގަޅުކަމަކަށް ނުވާނެޔޭ ކިޔާފައެވެ. ނާވީ އުޅުނު ކޮޓަރި ޒިޔާފަށް ދީފައި ޖެހިގެން މަތީގައި ހުރި ބުރި ނާވީގެ ދެމަފިރިންނަށް ހުސްކޮށްދިނީއެވެ. އަދިވެސް ނުހާ ހުރީ ހުވަފަތް އަންބެއްގެ ގޮތުގައެވެ. އިތުރު ކައިވެންޏެއް ކުރާކަށް އޭނާ ނުވިސްނައެވެ. ނާވީ މެންގެ ދެމަފިރިން ގެއަށް އައުމުން އަނެއްކާ ވެސް ކުރީގައި އޮތް ހަލަބޮލިކަން ވެރިވެގެން ހިނގައްޖެއެވެ. ޢާއިލާގެ ހުރިހާ އެންމެންގެ މޫނުތަކުން ހިނިތުންވުން ފެންނަމުން ދިޔައެވެ. އޭގެއިތުރުން ނާވީ އާއި ޖިޔާ މާލެ އައިއިރު ޖިޔާގެ ހަތަރުމަހުގެ ބަނޑުފެނުމުން އެންމެންވެސް ތިބީ ހައިރާންވެފައެވެ. ނާވީ އާއި ޖިޔާގެ ގުޅުން އެތައްތަނެއް ގާތްވެއްޖެކަން އެދެމަފިރިން ފެންނަ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.

“މިއަދު ވާނެ ދޯ މަންމަމެންގެއަށް ގޮސްލަން، އަދި އައިފަހުން އެންމެ ފަހަރަކު ދެވުނީ” ޖިޔާ، ނާވީއަށް ބަލާލަމުން ބުނެލިއެވެ.

“އެކަމަކު މިއަދު އަހަރެން ބުނިން އިޝްކޮ ގޮވައިގެން ޕާކަށް ވެސް ދާނަމޭ” ނާވީ ހަނދާންކޮށްލަ ދިނެވެ.

“އެހެންވީރު މިރޭ އިޝްކޮ ނިންދަވާފަ، އަހަރުމެން ދެމީހުން އެކަނި ގޮސްލަންވީނު” ޖިޔާ ޚިޔާލު ފާޅުކުރިއެވެ. އެގޮތް ނާވީއަށް ކަމުދިޔައެވެ.

“ޖީ، ކޮންއިރަކުން މަސައްކަތްތައް ފަށާނީ” ނާވީ ކޮޓަރީގައި ހުރި ބެލްކަންޏަށް ނުކުމެލާފައި އަހާލިއެވެ.

“ސެޓްފިކެޓް މިކޮޅުން އެކްރެޑިޓް ކުރެވުނީމަ ހަމަ ފަށަންވީ، އަހަރެން ބޭނުންވަނީ ގޭގެ ތިރީގައި ހުރި އެޕާޓްމެންޓު ބޭކަރީއަކަށް ބަދަލު ކުރަން، އަދި ކުރިއަށް އޮތްތަނުގައި ކޯސް ހިންގަން ވެސް ވިސްނަން، އެތަނުގައި ފަނަރަވަރަކަށް ކުދިންނަށް ތިބެވޭވަރުގެ ކޮޓަރިއެއް ވެސް ނެގޭނެ އެންނު ދޯ، އެކަމަކު އަދި ދޮންތަ އާއި އެވާހަކަ ދެއްކުނީ ވަރަށް ކުޑަކޮށް، ދޮންތަ ހުރީ ވަރަށް ކުރާހިތުން، ފުރަތަމަ ބޭކަރީ ހުޅުވާފައި އަހަންނާ ދޮންތަ އާއި ދެމީހުންވެގެން އެއްޗެހި ހަދާނީ، ވާގޮތެއް ބަލާލާފައި އެހީތެރިއަކު ހޯދާނީ، ކިހިނެއްވާނީ އެގޮތް” ޖިޔާ ވެސް އައިސް ބެލްކަނީގައި އަތްއަޅުވާލަމުން ބުނެލިއެވެ.

“އަހަރެން ވެސް ބައްޕަ ގާތު އަދި އެވާހަކައެއް ނުދައްކަން، ޖީގެ މަންމައަށް މިކަން އެނގުނީމަ ވަރަށް އުފާވާނެ” ނާވީ ހިނިތުންވެލާފައި ބުނެލިއެވެ.

“މިރޭ ދެން ދާންތާ މިއުޅެނީ، ގޮސްފައި ބުނާނީ، ހުންނާނެ މިރޭ ގެންދަން ދެވައްތަރެއްގެ ކްރެސެންޓް ތަކެއް ހަދާފަ، ޒީއްތަ އާއި ޒުހާ މޮޔަވާނެ އެހިފައިގެން ހިނގައްޖެއްޔާ” ލުއި ގޮތަކަށް ހީނލާފައި ޖިޔާ ބުންޏެވެ.

ރާއްޖޭން ބޭރުގައި ހުރި ދުވަސްތަކުގައި ޖިޔާ ހެދީ ޕޭސްޓްރީ އާއި ބެހޭ ކޯހެވެ. މީހުންނަށް އެދާއިރާއިން ކިޔަވަފައި ދިނުމުގެ ސަނަދުވެސް އޭނާވަނީ ހޯދާފައެވެ. ގޭގައި ހުރެގެން ކުރާނޭ މަސައްކަތެއްގެ ގޮތުގައި އެމަސައްކަތްކުރަން އޭނާވަނީ ނިންމާފައެވެ. ނާވީ ހުރީ އޭނާއަށް ވެވެން އޮތް ހުރިހާ ގޮތަކުން އެހީތެރިވެދޭށެވެ.

“މިހާރު ފަހެއްޖަހައިފި، ކޮބާތަ އިޝްކޮ، ޕާކަށް ދާން ކިޔާފަ ހަނދާންނެތުނީ ކަންނޭނގެ” ނާވީ އަތުކުރީގައި އޮތް ގަނޑިއަށް ބަލާލާފައި ބުނެލިއެވެ. އެއީ ޖިޔާ އޭނާއަށް އެންމެ ފަހުން އައި އުފަންދުވަހު ހަދިޔާއަކަށް ދިން ގަޑިއެކެވެ. ރިހިކުލައިގެ އެގަޑިއަށް ޖިޔާގެ ލޯބިވަނީ ޖެހިފައެވެ. އެގަޑި ފެނުމުން ހަނދާންނައްތާލަން ބޭނުންނުވާ މަޒީގެ މަތިން ޖިޔާ ހަނދާންވެއެވެ. ނަމަވެސް އެކަން އޭނާ އެއްވެސް ވަރަކަށް ހާމައެއް ނުކުރެއެވެ. ކުރެވޭ އިޙްސާސްތައް ސިއްރުކުރެވިފައިވަނީ އޭނާގެ ހިތުގައެވެ. ދުނިޔޭގެ ހުރިހާ އުފަލެއް އޭނާއަށް ލިބިފައިވެއެވެ. މިހާރު މީހުންނަށް ފެންނަ ޖިޔާއަކީ އޭރު މީހުންނަށް ފެނުނު ޖިޔާއެއް ނޫނެވެ. އެތައްކަމެއް ބަދަލުވެއްޖެއެވެ. ޖިޔާ ވަނީ މާޒީއަށް ބެލުމެއްނެތި ކުރިއަށް ހިނގަން ދަސްކޮށްފައެވެ.

“އެބަ އަންނަން ގޮވައިގެން، ދޮންތަމެން ބައިގަވީ” ޖިޔާ މިހެންބުނެ ހިނގައިގަތެވެ. ނާވީ ބެލްކަނީގައި މަޑުކޮށްލައިގެން ހުރީއެވެ. އޭނާގެ ނަޒަރު ވަނީ ކުރިމަތިން ފެންނަން އޮތް ޕާކަށް ހުއްޓިފައެވެ. ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެފައިވެއެވެ. ސިކުނޑީގައިވަނީ އޭނާ އާއި ޖިޔާ ފުރަތަމަ ބައްދަލުވި ދުވަހުގެ ހަނދާންތަކެވެ. ލުއި ގޮތަކަށް ހީނލެވުނީ އެހެންވެއެވެ.

* * * *

ދަރިފުޅުގެ ހަލަނިކަމުން އިބާ ކުދިކިޔާ ކިޔާލަ ހުރިތަން ބަލަން އިން ޒުކަންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެފައި ވެއެވެ. އޭނާގެ ޠަބީޢަތަށް ބަދަލެއް އައެއްކަމަކު އެކަން އޭނާ އިބާއަށާއި ދަރިފުޅަކަށް ނުދައްކައެވެ. ހިތުގައިވާ އިޙްސާސްތައް ހިތުގައި ފޮރުވާލައިގެން ހުރީ އެވެ. ނިމުމެއްނެތް ދިގު އިންތިޒާރެއްގައިވާ މީހަކު ފަދައިންނެވެ.

“އައިކު، އަޅެ އެންމެ އިރުކޮޅަކަށް މަޑުން ނުހުރެޔޭ، ދަރިފުޅު ތިހެން އުޅުނީމަ ބައްޕަ އާއިއެކު ޕާކަށް ދާންވާއިރަށް އަނެއްކާ ވެސް ހަޑިވާނީ” އިބާ ހަދާނެގޮތެއް ނޭނގިފައި ހުރި މީހަކު ފަދައިން ބުނެލިއެވެ.

“އައިކު… މަންމަ ބުނާ އެއްޗެއްގެ އަޑު ނީވޭތަ، ތިހެން އުޅެންޏާ ބައްޕަ މިދަނީ ދާން” އިބާއަށް ވަރަށް އުނދަގޫވެއްޖެހެން ހީވުމުން ޒުކަން ބުނެލިއެވެ. އެއާއިއެކު ވަގުތުން އައިކު މައިތިރިވެއްޖެއެވެ.

“ނޫން! ނޫން! އައިކު ނުލާ ނުދައްޗޭ، ޕްލީޒް ބައްޕީ، ދެން ރީތިވާނެ” އަވަސް އަވަހަށް އައިސް އެނދުގައި އިށީނދެލައިގެން އިން ޒުކަންގެ ގާތުގައި މަޑުކޮށްލަމުން އޭނާގެ މޫނުގައި ހިފާލާފައި އައިކު ބުންޏެވެ.

“ދޭ މަންމަ ގާތަށް ސެންޓު ޖަހަން” ޒުކަން ދަރިފުޅުގެ ގައިގާ ހިފާ އިބާ އާއި ދިމާލަބުށް އަނބުރާލަމުން ބުންޏެވެ. އެއާއިއެކު އައިކު ދުވެލާފައި ގޮސް އިބާ ގާތުގައި ހުއްޓުނެވެ. އަވަސްއަރުވާލާފައި ހުރި އައިކު އިބާ “ނިމުނީ” އޭ ބުނުމާއިއެކު ދުވެފައި ޒުކަންގެ ގާތަށް އަތުވެއްޖެއެވެ. ޒުކަން ތެދުވުމުން އޭނާގެ އަތުގައި ވަރަށް ބަސްއަހާލަމުން އައިކު ހިފާލިއެވެ.

ހަވީރުގެ ވަގުތެވެ. މަގުތަކަށް ހިޔާއެޅިފައި އިތްއިރު ޒުކަންގެ އަތުގައި ހިފާލައިގެން ހުރެ ހިނގަމުން އައި އައިކުގެ ސަމާލުކަން މަގުގެ ހުރިހާ ފަރާތަކަށް ދެވިފައިވެއެވެ. ދަރިފުޅުގެ ހަރަކާތްތަކަށް ނަޒަރު ހިންގަމުން ހުރެ ޒުކަން ކުރިއަށް ދިޔައެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ދަރިފުޅު ގޮވައިގެން ހިޔާޕާކަށް ޒުކަން އަންނަނީ ހަމަ އެންމެ ބޭނުމަކުއެވެ. އޭނާގެ ހިތްހަމަޖައްސާލުމަށެވެ. މާޒީގެ އަނދިރިކަމުގައި ފޮރުވިފައިވާ އެހަނދާންތައް އާކޮށްލުމުގެ ބޭނުމުގައެވެ. އިރެއްގައި އެހަނދާންތަކާއި ދުރުވަން އޭނާ މަސައްކަތްކުރި ނަމަވެސް މިހާރު އޭނާގެ ހިތުގައި އެހަނދާންތަކަށް ޚާއްޞަ ލޯތްބެއްވަނީ ޖެހިފައެވެ. ހުރިހާ އިހްސާސަކީ ދުލުން ބަޔާންކުރުން މުހިންމު އިޙުސާސްތަކަކަށް ނުވެއެވެ. ބައެއްފަހަރު ތިމާގެ ހިތުގައި ސިއްރުކޮށްގެން ހުރެ އަމިއްލަ ނަފްސަށް އެކަމުގެ އުފާ ލިބިލުމުންވެސް ހިތްހަމަޖެހިދެއެވެ. ޒުކަންގެ ހާލަކީ ވެސް އެއީއެވެ. މާޒީގެ އެރޭ މަތިން ހަނދާންކުރުން ނޫންގޮތެއް އޭނާއަށް މިއަދަކު ނެތެވެ.

* * * *

ދުވަމުން ކަހަލަ ގޮތަކަށް އިޝްވާ ޕާކުގެތެރެއަށް ވަދެގެން ދިއުމަށްފަހު އެނބުރި ނާވީގެ ގާތަށް އައެވެ. އަހަރުގެ ފަހުކޮޅަށްވެފައި ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން ޕާކުތެރޭގައިވަނީ ތެތްފިނިކަމެއް ހިފާފައެވެ. ގަސްތަކުގައި ވެސް ވަނީ ތެތްކަމެއް ހަރުލާފައެވެ. އިޝްވާ ގަހެއްގައި އަތްލުމާއިއެކު އޭނާގެ އަތްތިލަ ހަޑިވީއެވެ. ދުވެފައި ނާވީގެ ގާތަށް އެކުއްޖާ އައީ އެހެންވެއެވެ.

“ޑެޑީ… ލުކް… އީނ….” ނާވީގެ ކުރިމަތީ ހުއްޓުނު އިޝްވާ ފަކުރުގަނެގެން ހަދާލާފަދަ ގޮތަކަށް އަތްހޫރާލިއެވެ. އެހިނދު ނާވީ އޭނާގެ ޖީބުގައި އޮތް ރުމާ ނަގާ އިޝްވާގެ އަތް ފޮހެލަދިނެވެ. އެއާއިއެކު އަނެއްކާ ވެސް އިޝްވާ ދުއްވައިގަތީ އެތަނުގައި ކުޑަކުދިންނަށް ޚާއްޞަ ކުރެވިފައި ހުރި އެއްޗިއްސާއި ދިމާލަށެވެ.

އުމުރުން ހަތަރު އަހަރުވެގެން ދިޔައިރު އިޝްވާގެ އުމުރުގެ ބޮޑުބައި ހޭދަވެގެން ދިޔައީ ރާއްޖޭން ބޭރުގައެވެ. އޭނާގެ ވާހަކަދެއްކުމުގައި ގިނައިން އިނގިރޭސި ބަސް ބޭނުންކުރެވެނީ އެހެންވެއެވެ. އިޝްވާއަކީ ނާވީގެ މުޅި ދުނިޔެއެވެ. އިޝްވާ ވެސް ހުންނަނީ ނާވީ އާއި ހެދި މޮޔަވެފައެވެ. ކުޑަކުޑަ ކަމެއްވިޔަސް އިޝްވާ އެންމެ ކުރިންވެސް އަންނާނީ ނާވީގެ ގާތަށެވެ. ދެބަފައިންނަށް ބަލަހައްޓައިގެން ހުރި ޖިޔާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެފައިވެއެވެ.

“ޖީ ކީއްވެތަ މިޕާކަށް އަންނަން ބޭނުންނުވަނީ” އިޝްވާ ދުއްވައިގަތުމުން ނާވީ، ޖިޔާއަށް ބުނެލިއެވެ.

“ކަމެއްނުވޭ، ދެން ނާވީ އަންނަމެންނު އިޝްކޮ ގޮވައިގެން، އެހެންވީމަ އަހަރެން ނަޔަސް ރަނގަޅުވާނެ އެންނު” ޖިޔާ ތަންކޮޅެއް ބޮޑަށް ހިނިތުންވެލާފައި ބުނެލިއެވެ.

ނާވީ އިތުރަށް އެއްޗެއް ނުބުނެ ކުރިއަށް ހިނގަމުން ދިޔައީ އިޝްވާ ކުޅެން އުޅޭތަން ފެންނަ ހިސާބެއްގައި އިށީނދެލުމަށެވެ. ޕާކުގައި އެގަޑީގައި ކުޑަކުދިން ގިނަވެސްމެއެވެ. ޖިޔާ ހުރީ އޭނާއަށް އުނދަގޫވެފައި ހުރި ފަދަ ގޮތަކަށެވެ. މާލެ އައި ފަހުން އޭނާ އެޕާކަށް ނުވަދެއެވެ. ނާވީއަށް ހީވީ ރަނގަޅަށެވެ. ހަޤީޤަތުގައި އޭނާ އެތަނަށް އަންނަން ބޭނުންނުވަނީއެވެ. އެހަނދާންތައް ހިތާ ސިކުނޑީގައި ބިންވަޅުނެގިފައި ވިޔެއްކަމަކު އެޒުވާނާ އާއި ކުރިމަތިލާން ޖިޔާ ބޭނުންނުވަނީއެވެ.

“އެއީ ކޮންކުއްޖެ، އިޝްކޮ ހާދަ ގުޅާލައިގެންނޭ އެއުޅެނީ، މިތާ އަންހެން ކުދިން އުޅެނިކޮށް ފިރިހެން ކުއްޖަކު ގޮވައިގެން އެއުޅެނީ” އިޝްވާ ފެންނަ ހިސާބުގައި ހުރި ޕާކުގެ ހިލަގޮނޑިއެއްގައި އިށީނދެލައިގެން އިން ނާވީ ބުނެލިއެވެ. އެއާއިއެކު އޭނާގެ ގާތުގައި އިން ޖިޔާ އިސްއުފުލާލަމުން ދަރިފުޅާއި ދިމާލަށް ބަލާލިއެވެ.

“ކިހާ ލޯބި، ވަރަށް ގުޅޭ ދޯ، އެހާ ވައްތަރުވެފައި އެއްކަހަލަގެ އިސްތަށިގަނޑެއް ހުރީމަ ކަންނޭނގެ އެހާ ގުޅިގެން އެއުޅެނީ” ޖިޔާ ހީނލާފައި ބުންޏެވެ.

ދެކުދިން ކުޅެން އުޅޭތަން ބަލަން ޖިޔާ އާއި ނާވީ ބަލަންތިބީ ވަރަށް ޝައުގުވެރިކަމާއިއެކުއެވެ. ފެންނަ ފެނުމަށް އެދެކުދިން ހީވަނީ ދެބެންހެންނެވެ. އެހާވެސް ވައްތަރުގޮތެއް ހުރިކަން ޖިޔާއަށް ފާހަގަ ކުރެވުނެވެ. އެހެންއިނދެ އެއްލި ކަޅިއަކުން ޖިޔާގެ ލޮލުގައި އަޅައިގަތް ކަމަކުން އޭނާ ހުއްޓުން އެރިއެވެ. އަވަސް އަވަހަށް ޕާކުގައި ހުރި ބޮޑުގަސް ކައިރަށް ރަނގަޅަށް ބަލާލެވުނެވެ. އެ ގަހާއި ދިމާލަށް ބަލަހައްޓައިގެން އިސްކޮޅުން ބޮޑު ފިރިހެނަކު ހުއްޓާ ޖިޔާއަށް ފެނުނެވެ. ބޭއިހްތިޔާރުގައި ޖިޔާއަށް އިންތަނުން ތެދުވެވުނެވެ. އެވަގުތު ނާވީ އޭނާގެ އަތުގައި ހިފިއެވެ.

“އެބަ އަންނަން…” ނާވީއަށް ބަލާލަމުން ޖިޔާ ބުނެލިއެވެ. އެހިނދު ނާވީއަށް ޖިޔާގެ މޫނުމަތީގައިވާ ކުލަވަރު ފެނިގެން ދިޔައެވެ. ދުވަހަކުވެސް އެފަދަ ހައިރާންކަމެއްގައި ޖިޔާވަނިކޮށް ނާވީ ނުދެކެއެވެ. ޖިޔާ ހިނގައިގަތުމާއިއެކު ނާވީ ތެދުވިއެވެ. ކުޅެންހުރި ދަރިފުޅު ލޯމަތިން ގެއްލެން ނޭދޭތީ ޖިޔާގެ ފަހަތުން ފިޔަވަޅެއް އަޅަން ނާވީ ޖެހިލުންވީއެވެ. އެހެންވެ ހުރި ފިޔަވަޅުމަތީ ހުއްޓުން އަރާފައި ދަރިފުޅަށާއި ޖިޔާއަށް ބަލަން ހުރެވުނީއެވެ.

ދެޖީބަށް އަތްޖަހާލައިގެން ހުރެ ލުއިހިނިތުންވުމަކާއިއެކު ބޮޑުގަހާއި ދިމާލަށް ބަލަހައްޓައިގެން ހުރި ޒުކަން އެއްފަރާތަކަށް ބަލާލީ އޭނާ އާއި ދިމާލަށް މީހަކު ބަލަހައްޓައިގެން ހުރިހެން ހީވެގެންނެވެ. އެނބުރި ބަލާލިއިރު އެއްފަރާތުގައި ޖިޔާ ބަލަންހުރިތަންފެނި ޒުކަން ވެސް ދިޔައީ ސިހިގެންނެވެ. އޭނާގެ ކުރިމަތީގައި މިހާރު އެހެރީ އޭނާ ހަނދާންކުރަމުން އެދާ މާޒީގެ ފޮނި ހަނދާންތަކާއި ގުޅިފައިވާ އަންހެން ކުއްޖާއެވެ. ޕަރީއެއްފަދަ އެއަންހެންކުއްޖާގެ ރީތިކަން މިހާރު އަދި ވަކިން އިތުރުވެފައިވާ ކަހަލައެވެ. އެކަކު އަނެކަކަށް ބަލަހައްޓައިގެން ޖިޔާ އާއި ޒުކަން ތިބިއިރު މުޅި ދުނިޔެ ވެސް އެދެމީހުންނަށްޓަކައި މަޑުޖެހިފައިވާކަހަލައެވެ. ލަސްކޮށްލެވިފައިވާ ފިލްމެއްގެ މަންޒަރެއް ފަދައެވެ. މަޑުމަޑުން އެސްފިޔަތިރިކޮށްލާފައި ހުޅުވާލަނީ ވެސް އެހާ ބަލައިގެންނެވެ. އެހާ ވަގުތުކޮޅަކަށް ވެސް ލޯ ކުރިމަތިން އެކަކު އަނެކަކު ގެއްލިދާނެހެން ހީވާތީއެވެ. ޒުކަންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިއުމާއިއެކު އެދެލޮލުން އާދިރުމެއް ފެނިގެން ދިޔަކަހަލައެވެ. ދެވަނަ ފަހަރަށް އެސްފިޔަ ޖަހާލަން ނުކެރިފައި ޖިޔާ އާއި ދިމާލަށް ޒުކަން ބަލަމުން ދިޔައެވެ. ފިނިވައިރޯޅި އާއިއެކު ޖިޔާގެ އިސްތަށިގަނޑު ވަޔާ ނަށާލިއެވެ. ޒުކަންއަށް އެންމެ ފުރަތަމަ ޖިޔާ ފެނުނު އިރަށްވުރެ މިހާރު ޖިޔާގެ ގައިގާ ހަރުވައްތަރު ޖަހައިފިއެވެ. އޭރު ކުރުކޮށް ކޮށާލެވިފައި ހުރި ފަންއިސްތަށިގަނޑު މިހާރުއޮތީ ކޮނޑަށްވުރެ ތިރިއަށް ދިގުކޮށްލާފައެވެ. އެރޭ ހުދުކުލައިގެ ކުރު ހެދުންކޮޅެއްލާފައި ހުރިއިރު މިހާރު އޭނާގެ ކުރިމަތީ ހުރި ޖިޔާ ލާފައި ހުރީ މެކްސީއެކެވެ. ޖިޔާގެ ހަށިގަނޑަށް ނަޒަރު ހިންގާލުމާއިއެކު ކުރިއަށް ފިޔަވަޅެއް އަޅާލިވަގުތު ޒުކަންގެ ލޮލުގައި އަޅައިގަތީ ބޭރަށް ދިއްވެފައި ހުރި ޖިޔާގެ ބަނޑެވެ. އެހިނދު ކުރިއަށް ނެގި ފިޔަވަޅު ވެސް ފަހަތަށް އަޅާލިއެވެ. ހަމަހޭވެރިކަން ވެރިވެގެން ދިޔައީ ދެނެވެ. ވަށައިގެން ޒުކަންއަށް ހޯދާލެވުނެވެ. ޖިޔާ އިސްޖަހާލުމާއިއެކު ދެފަރާތަށް ބޯހޫރާލުމާއިއެކު އެތަނުން ދިއުމަށް ހިނގައިގަތެވެ.

“ޕްލީޒް، މަޑުކޮށްލަބަލަ، އަހަރެން…. އަހަންނަށް ކިޔަނީ ޒުކަން، އަހަރެން… ތި… ނަންބުނެލަ ދީފާނަންތަ” ޒުކަން ހުއްޓަމުން ކަހަލަ ގޮތަކަށް އަޅައަޅައިގެންފައި ވާހަކަދެއްކިއެވެ. އެވަގުތު ޖިޔާ އާއި ވާހަކަދައްކަން ބޭނުންވެފައި ހުއްޓެއްކަމަކު ދައްކާނީ ކޮންވާހަކައެއް ކަމެއް ކުއްލިއަކަށް ވިސްނައިގަންނަން ޒުކަންއަށް އުނދަގޫވިއެވެ.

“ޖިޔާ” ޒުކަންއަށް ކުރިމަތިލަމުން ޖިޔާ ބުނެލިއެވެ.

“އަހަރެން ޖިޔާ ހޯދަން ވަރަށް މަސައްކަތް ކުރިން، ހިތަކަށްނާރާ އެންމެ ރެއެއްގެ ބައްދަލުވުމަކުން ޖިޔާއަށް އަހަރެންގެ ހިތުން ޚާއްޞަކަމެއް ދެވިދާނެއެކޭ، އަހަރެން ކޮންމެ ދުވަހަކު މިތަނަށް އަންނަނީ ޖިޔާ އާއި ބައްދަލުވެދާނެކަމުގެ އުންމީދުގައި، އަދި ބައްދަލުވެއްޖެނަމަ ބުނަން ބޭނުންވަނީ އަހަންނަށް…” ޒުކަން ސިހިގެން ދިޔައީ ކުއްލިއަކަށް ދުވެފައި އައި ކުޑަދެކުދިންގެ ތެރެއިން އަންހެން ކުއްޖާ ޖިޔާގެ ގައިގާ އޮޅުލައިގަތްތަން ފެނިފައެވެ. ދެން ހުރި ކުއްޖަކީ ޒުކަންގެ ދަރިފުޅު އައިކު އެވެ. ޒުކަންއަށް ބަލަންހުރި ޖިޔާގެ ދެލޯ ކަރުނުން ފުރެމުންދިޔައެވެ. އެވަގުތު ޒުކަން އޭނާގެ ފައިގައި ބައްދާލައިގެން ހުރި ދަރިފުޅަށް ބަލާލާފައި ޖިޔާއަށް ބަލާލަމުން ވާހަކަދައްކަން އުޅުނެވެ.

“އަހަރެންގެ… ދަރިފުޅު…” ޒުކަންއަށް ބުނެވުނީ އެވަރަށެވެ. ކަރުނައިގެ ތެރެއިން ޖިޔާ ހިނިތުންވެލަން މަސައްކަތްކުރިއެވެ. އަދި މަޑުމަޑުން ގާތުގައި ހުރި އިޝްވާގެ ބޮލުގައި ފިރުމާލިއެވެ. އިޝްވާއަކީ ޒުކަންގެ ދަރިއެކޭ ބުނަން ޖިޔާ ބޭނުންވިއެވެ. ނަމަވެސް އެތުނިތުނި ދެތުންފަތް ހަރަކާތްކޮށްލާފަވެސް އަޑެއްނުނިކުތެވެ. ޖިޔާ، އިޝްވާ ގަޔާއި ދުރުކޮށްލުމާއިއެކު ކުރިއަށް ޖެހިލާފައި ޒުކަންގެ ގާތުގައި ހުރި އައިކުގެ ގާތުގައި އިޝްވާ ބެހެއްޓިއެވެ. ޖިޔާ އެއްޗެއް ބުނަން އުޅޭކަން ޒުކަންއަށް ވިސްނުނީ ދެނެވެ. ހިނިތުންވެލައިގެން ހުރެ ޖިޔާ ދެކުދިންނަށް ބަލާލި ބަލާލުން ޒުކަންގެ ހިތަށް ތަދުކުރުވިއެވެ. އިޝްވާ އާއި އައިކު އާއި ވަރަށް ވެސް ވައްތަރެވެ. ޒުކަންއަށް ލިބުނު ހައިރާންކަމާއިއެކު އަނގަހުޅުވުނެވެ. ދެލޯ ބޮޑުކޮށްލާފައި ޖިޔާއަށް ބަލާލެވުނެވެ. އެހިނދު ރޮވެމުން ދިޔަ ޖިޔާ ޒުކަންއަށް ބަލަހައްޓައިގެން ހުރެ ބޯޖަހާލިއެވެ. އޭރު ޖިޔާގެ ފަހަތުގައި ނާވީ އައިސް މަޑުކޮށްލަނީއެވެ. އިޝްވާ އައިކުގެ އަތުގައި ހިފައިގެން ނާވީގެ ގާތަށް ދުއްވައިގަންނަން އުޅުނު ވަގުތު އެކުއްޖާގެ އަތުގައި ޒުކަން ހިފޭއްޓިއެވެ. އަދި ކުއްލިއަކަށް ގެނެސް އޭނާގެ މޭގައި ޖިޔާގެ ދަރިފުޅު ބޮނޑިކޮށްލިއެވެ. އޭރު ހަމަރަނގަޅަށްވެސް ޖިޔާއަށް ރޮވިއްޖެއެވެ. އެހެންވެ އަވަސް އަވަހަށް ދެލޯ ފޮހެލުމާއިއެކު ޖިޔާއަށް އޭނާގެ އަނގަމަތީ އަތްއަޅާލެވުނެވެ. މިވަނީ ކިހިނެއްކަން ނޭނގި ހުރި އިޝްވާ، ޒުކަންގެ އަތުން ސަލާމަތްވުމަށް ތެޅިފޮޅިގަތެވެ.

“ޑެޑީ…ޑެޑީ…” އިޝްވާ، ހާސްވެފައި ބިރުންހުރެ ނާވީއަށް ގޮވާލިއެވެ. އެހިނދު ޒުކަން ދަރިފުޅުގެ ގައިން ދޫކޮށްލާފައި އެކުއްޖާ އެގޮވަނީ ކާކަށްތޯ ބަލާލިއެވެ. އޭރު ޖިޔާގެ ފަހަތުގައި މަޑުކޮށްލައިގެން ބަހެއް ވެސް ނުބުނެ އެހުރިހާ މަންޒަރެއް ބަލަން ހުރި ނާވީ، ޒުކަންއަށް ފެނުނެވެ. ނާވީ އެއްޗެއް ނުބުނެ ހުއްޓެއްކަމަކު އޭނާއަށް ވެސް މިވަނީ ކިހިނެއްކަން ފަހުމްވިއެވެ. އިޝްވާ ދުވެފައި އައިސް ނާވީގެ އަތުގެތެރެއަށް ވަނެވެ. ޒުކަންގެ ލޮލުން ކަރުނަ ނިރާލިތަން ނާވީއަށް ފެނުނެވެ. އޭނާ އެވަގުތު ޖިޔާ އާއި އިޝްވާގެ ބައްޕަގެ ދެމެދަށް ވަންނާކަށް ބޭނުމެއްނުވިއެވެ. އެއީ އޭނާއަށް ވެސް އެދެމީހުންގެ ދެމެދުގައި ހިނގާދިޔަ ކަންތައްތައް ރަނގަޅަށް އެނގޭތީއެވެ. ހަމައެއާއިއެކު މިއަދު ޖިޔާ އޭނާދެކެ ވާލޯބި އިމްތިހާނު ވެގެން ދާނެއެވެ. އެހެންވެ އޭނާ އިޝްވާ ގޮވައިގެން ދުރަށް ހިނގައިގަތެވެ.

“އެއީ އަހަރެންގެ ދަރިއެއް ދޯ، ޖިޔާ، އަހަރެން ޖިޔާ ހޯދަން މަސައްކަތް ކުރިން…” ޒުކަން ކުރެހިފައިވާ އަޑަކުން ބުނެލިއެވެ. ހީވީ ވަރަށް ހިތްވަރުކޮށްފައި އަޑުނެރުނުހެންނެވެ.

“ހޫމް… އެއީ ޒުކަންގެ ދަރިއެއް، ހޯދަން މަސައްކަތްކުރިކަން ވެސް އެނގޭ…” ހިފޭއްޓުމެއްނެތި އެދެލޮލުން ކަރުނަ ފައިބާތީ ދެއަތުން ފޮހެމުން ދިޔަ ޖިޔާ ކައިރީގައި ހުރި ބޮޑުގަހާއި ކައިރިވެލާފައި ބުނެލިއެވެ. އޭނާ އާއިއެކު ޒުކަންވެސް އެތެރެއަށް ޖެހިލިއެވެ.

“އަހަރެން ޖިޔާ ބޭނުން، އަހަންނަށް ޖިޔާ ދެކެ…” ޒުކަންއަށް އޭނާ ބުނަން އުޅޭ އެއްޗެއް ފުރިހަމަ ނުކެރިވެގެން އުޅެނިކޮށް ޖިޔާ އަތުން އިޝާރާތްކޮށްލީ ދެން ހުއްޓާލާށޭ ބުނާފަދަ ގޮތަކަށެވެ.

“ޕްލީޒް، އިތުރަށް އެންމެ ލަފްޒެއްވެސް ނުބުނާތި، މިއަދު ޒުކަން ކޮންމެ އެއްޗެއް ބުންޏަސް އަހަންނަށް އެއްވެސް އެއްޗެއް ނުބުނެވޭނެ، އެތަށް އަހަރަކަށްފަހު މިހިތުގައި ނިދާފައިވާ އިޙްސާސްތައް ހޭލައްވާލާނެހާ ހިތްވަރެއް އަހަރެންގެ ނެތް، އެރޭގެ ހަދިޔާ އަހަންނަށް ފުދޭ، އެހަދިޔާއަށްޓަކައި ޝުކުރިއްޔާ” ޖިޔާ ރޮމުން ކަހަލަ ގޮތަކަށް ބުންޏެވެ. ޒުކަންނަށް ޖިޔާގެ އަތުގައި ހިފަން ދެތިން ފަހަރަށް އަތްދިއްކޮށްލެވުނެވެ. އޭނާ މިވަގުތު ބޭނުންވަނީ އެއަތުގެތެރެއަށް ޖިޔާ ގެނެސް ލާށެވެ. ނުފެނި ވޭތުވެގެން ދިޔަ ދުވަސްތަކަށް ވާވަރަށް ލޯބިދޭށެވެ. ދަރިފުޅާއި މަންމަ ގޮވައިގެން އެނބުރި ގެއަށް ދާށެވެ. އެއީ އޭނާގެ ދަރިއެއްކަން މުޅި ދުނިޔެއަށް އިއުލާންކުރާށެވެ. އެހެންނަމަވެސް އެއިން އެއްވެސް އުންމީދެއް ފުރިހަމަ ވާކަށްނެތެވެ. މިއަދު އައިކު ނޫން އެހެން ދަރިއަކު އޭނާގެ އެބަހުރިކަން އެނގުނީތީ ލިބުނު އުފަލަށްވުރެ ހިތަށްކުރި އަސަރު މާބޮޑެވެ. އެ ދަރިފުޅަށް އޭނާ އެއީ ކާކުކަން ނުވެސް އެނގުނެވެ. އިސްޖަހާލައިގެން ހުރި ޒުކަން މަޑުމަޑުން ބޮޑުވައިއިނގިލީގެ ކޮޅުން ލޮލުން ވެއްޓެން ދިޔަ ކަރުނަތިކި ފޮހެލިއެވެ. ދެލޮލަށްވުރެ އޭނާގެ ހިތް ބާރަށް ރޮމުން ދިޔައެވެ. އެއަޑު އިވެނީ ހަމައެކަނި އޭނާގެ ކަންފަތަށެވެ. އަމިއްލަ ނަފްސު ކޮންޓްރޯލު ކުރެވެނީ ކިރިޔާއެވެ.

“އަހަރެން ދުވަހަކު ވެސް ހަނދާނެއްނުނެތޭނެ، ތެމިވާރޭގައި ހިނގާދިޔަ އެހާދިސާ އަހަރެންގެ ހިތުގައިވަނީ ބިންވަޅުނެގިފައި، ގަދަވަޔާއިއެކު ބޯކޮށްވާރޭވެހޭ އެފަދަ ކޮންމެރެއެއްގައި އަހަރެންގެ ހިތް ޖިޔާ މަތިން ހަނދާންކުރޭ، ދިމާމިވީ އަނެއްކާވެސް ވަކިވާން، އެކަމަކު މިފަހަރު ވަކިވުމުގެ ކުރިން ބުނަން ބޭނުން، ޖިޔާ ތިދަނީ އަހަރެންގެ ހިތް ހިފައިގެން، މިހާރު އެނގޭ ގާތުގައި އަހަރެން ނެތްކަމުގައި ވިޔަސް އެހެން ސިފައެއްގައި އަހަންނަށް ޖިޔާގެ ގާތަށް ވާޞިލުވެވިއްޖެކަން…. އަހަރެންދެކެ ވަރަށް ލޯބިވެޔޭ ޖިޔާއަށް ބުނެވެންނެތަސް އޭގެބަދަލުގައި އަހަރެން މިބުނަނީ، އަހަރެން ޖިޔާދެކެ ވަރަށް ލޯބިވޭ، ކިޔައިދޭން ބޭނުން ވަރަށް ގިނަ ވާހަކަ އެބަހުރި…” ޒުކަން މިހެން ބުނެލަމުން ޖިޔާގެ ގާތަށް އަނެއްކާ ވެސް ޖެހިލެވުނެވެ.

“ނޫން، ޒުކަން، އިތުރު ކަންތައްތަކެއް އެނގުމުން ފަހަރެއްގައި އަހަރުމެން ދެމީހުންނަށް މިއަށްވުރެ ވެސް ގާތްވެވިދާނެ، މިހާރު އެހެންވާކަށް ބޭނުމެއްނޫން، އިޝްވާ އާއިއެކު އަހަރެން މިހިރީ އުފަލުން، އަދި ޒުކަން އާއި ބައްދަލުވީތީ ހިތަށް ފިނިކަމެއް ލިބިއްޖެ، ދަރިފުޅާއި، އެދަރިފުޅުގެ ބައްޕަ އާއި ބައްދަލުކޮށްދެވިއްޖެ، މިހާރު މިތިބީ އަހަރުމެން ދެމީހުންނަށް ތިބެވޭނޭ އެންމެ ގާތުގައިކަމަށް ހީކޮށްލާ، މިއަށްވުރެ ގާތަށް އައުމަށް އަހަރެންގެ ގާތުން ޒުކަން ނޭދުމަކީ މިއަދު އަހަރެން ބޭނުންވާގޮތް، އަހަރެންގެ ހިތުގައި ޒުކަންއަށްޓަކައި އެއްވެސް ޝަކުވާއެއްނެތް… ޒުކަން….” އެންމެ ފަހުފަހަރަށް ޒުކަންއަށް ބަލާލާފަދަ ގޮތަކަށް ޖިޔާ ބަލާލަމުން އޭނާގެ ނަންބުނެލިއެވެ. އަދި އިތުރަށް އެތަނުގައި ޖިޔާ ހުންނާކަށް ބޭނުމެއްނުވިއެވެ. އޭނާގެ އަމިއްލަ ހިތުގެ މައްޗަށް އޮތް ބާރު އޭގެ ޒާތުގަ ވީއްލިގެން ހިނގައިދާނެތީ ބިރުގަތީއެވެ. ލޯތްބަށްޓަކައި ކަތިފިޔަވަޅެއް ދެވަނަ ފަހަރަށް އަޅަން ޖިޔާ ބޭނުމެއްނޫނެވެ. އެހިނދު ޖިޔާއަށް ބަނޑުގައި ފިރުމާލެވުނެވެ. ނާވީ ކޮބައިތޯ ނަޒަރު ހިންގާލެވުނެވެ.

“ގ.ހޭވަން، އަހަރެން ހޯދަން ޖިޔާ ބޭނުންވެއްޖެނަމަ އެގެއަށް އާދޭ، އަލުން ފެންނާނޭއިރަކަށް އަހަރެން ދެންވެސް އިންތިޒާރުކުރާނަން، ނިމުމެއްނެތް އިންތިޒާރަކަށްވިޔަސް….” ޒުކަން އަތްދިއްކޮށްލީ ޖިޔާގެ އަތްތިލައިގައި ހިފާށެވެ. ނަމަވެސް އެއަތްތިލައިގެ ތެރޭގައި ބީހިލާފައި ޖިޔާގެ އަތްތިލަ ވަކިވެގެން ދިޔައީއެވެ. އޭނާގެ ލޯކުރިމަތިން އަނެއްކާވެސް ޖިޔާ ގެއްލުނީއެވެ. އާހުގެ އަޑު އޭނާގެ ދެތުންފަތް ދޭތެރެއިން ބޭރުވެގެން ދިޔައިރު ދެކޮނޑު އެލި އިސްޖެހިއްޖެއެވެ.

“އިޝްވާ…. ޖިޔާ…” ދެނަން ވަކިވަކިން ޒުކަންއަށް ބުނެލެވުނެވެ.

ދުވަހަކު ހިތްނުރޯވާވަރަށް މިއަދު ޖިޔާގެ ހިތް ރޮމުންދިޔައެވެ. އެހިތުގައި ނާވީއަށް ޚާއްޞަ މަގާމެއްދެވިފައިވާއިރު ވެސް ޒުކަން ފެނުމުން ޖިޔާއަށް އެފަދަ އަސަރުތަކެއް ކުރީ ކީއްވެބާއޭ އަމިއްލަ ޟަމީރާ ސުވާލުކުރެވުނެވެ. އެހިނދު އަމިއްލަ ކަންފަތުގައި އޭގެ ޖަވާބު ގުގުމާލި ކަހަލައެވެ.

“އަދިވެސް އެރޭ ހިތުގައި އުފެދުނު އިޙުސާސްތަކަށް ބަދަލެއްނާދޭ، ވީއިރު ޒުކަންދެކެވާ ލޯތްބަށް ބަދަލުއަންނާނީ ކިހިނެއް، އަހަރެން ވެސް ބުނަން ބޭނުން، ހަމަ އެންމެ ފަހަރަކުވިޔަސް، އަހަރެން ހާދަ ލޯބިވެޔޭ… ހާދަ ލޯބިވޭ…” ދެލޯ ފުރި ބަންޑުންވުމާއިއެކު ޖިޔާގެ ހިތުގެ އާހުގެ އަޑު ކުރުދެނޭވާ ފަދައިން އެތުންފަތުގެ ދޭތެރެއިން ބޭރުވެގެން ދިޔައެވެ. ހުރިފިޔަވަޅު މަތީ ހުއްޓުން އެރުމާއިއެކު ޖިޔާއަށް ދެން ހަދަންވީ ކިހިނެއްކަން ނޭނގި ވަށައިގެން ހޯދެން ފެށުނެވެ. އެވަގުތު ކުއްލިއަކަށް މީހަކު އޭނާގެ ފުރަގަހުން އައިސް ކޮނޑުގައި އަތްތިލަ ބާއްވާލުމުން އެއީ ކާކުތޯ ބަލާލުމަށް ޖިޔާއަށް އެނބުރިލެވުނެވެ.

“ނާވީ…” ވައި އަޑުން ކަހަލަ ގޮތަކަށް ޖިޔާއަށް ބުނެލެވުނެވެ.

“އައި ލަވް ޔޫ….” ނާވީ، ޖިޔާ ގެނެސް އޭނާގެ ގައިގާ ޖައްސާލަމުން ޖިޔާގެ ނިތްކުރީގައި ބޮސްދިނެވެ. އަދި މަޑުމަޑުން ޖިޔާ ގޮވައިގެން އައިސް ކުރިން ވެސް ތިބި ގޮނޑީގައި އިށީނެވެ. ނާވީގެ ކޮނޑުގައި ބޯއަޅާލި ގޮތަށް ޖިޔާއަށް ހަމަ ރޮވެނީއެވެ. ހުއްޓާލަން ބޭނުންވި ނަމަވެސް އޭނާއަށް އެކަމެއް ނުވިއެވެ. ނާވީ އެނބުރި ޒުކަން އާއި ދިމާލަށް ބަލާލިއެވެ. އޭނާ ކުޅެން އުޅުނު އިޝްވާ އާއި އޭނާގެ ދަރިފުޅާއި ދެކުދިންނަށް ބަލަމުންދިޔައެވެ.

“ޖިޔާ، އަހަންނަށް މިވަގުތު ހަދަންވީގޮތެއް ނޭނގިފައި މިއިންނަނީ، ބުނަންވީ ކީކޭކަމެއް ވެސް ނޭނގޭ” ލޯތްބާއިއެކު ޖިޔާގެ ކޯތާފަތް އެއްއަތުން ފޮހެލަދެމުން ނާވީ ބުންޏެވެ.

“އަހަރެންދެކެ ލޯބިވާ ވާހަކަ ބުނެފީމެންނު، ދެން އިތުރަށް އެއްވެސް އެއްޗެއް ނުބުންޏަސް އަހަންނަށް ފުދޭނެ، ތިހިތުގައިވަނީ ކީކޭކަން އަހަންނަށް އެނގޭ، އަހަރެންގެ ބަނޑުގައިމިވާ ދަރިފުޅަކީ އޭނާ އާއި އަހަންނާ ދެމެދަށް އެޅޭ ހުރައެއްނޫން، އެއީ އަހަރެން އެނބުރި އޭނާ ގާތަށް ދާން ހިތަށް އެރުމުގެ ބަދަލުގައި އަހަރެންގެ ހިތް ޚިޔާރު ކުރި މީހަކީ ތީ ކަމަށްވީތީ، ނާވީއަށްވުރެ ރަނގަޅު، ލޯބިވާނެ ދެވަނަ ބައްޕައެއް އަހަރެންގެ ދަރިންނަށް ނުލިބޭނެކަން ޔަޤީން…. އަދި ތިފަދަ އޯގާތެރި ފިރިއެއްލިބޭނީ ނަސީބުވެރި އަންހެން ކުއްޖަކަށް، ދެން ހިނގާ ގެއަށް ދާން، އިތުރަށް މިތާ މަޑުކުރާކަށް އަހަރެން ބޭނުމެއްނޫން” ޖިޔާ ހުއްޓާލަން މަސައްކަތް ކުރަމުން ކުރެހިފައި އަޑަކުން ބުނެލިއެވެ. ނާވީ އިތުރަށް އެއްޗެކޭ ނުބުނެ ޖިޔާ ގޮވައިގެން ތެދުވެ އިޝްވާ އާއި ދިމާލަށް ހިނގައިގަތެވެ.

ދުރުގައި އިޝްވާއަށް ބަލަންހުރި ޒުކަން ޖިޔާގެ ދެމަފިރިންނަށް ބަލާލިއެވެ. އައިކު އެކަނިވެފައި އިޝްވާ ދާތަން ބަލަން ހުއްޓެވެ. މިއަދު ޒުކަންއަށް ވެސް ޖެހުނީ ޖިޔާ އާއި ދަރިފުޅު އޭނާ ފަހަނައަޅައި ދާތަން ބަލަން ހުންނާށެވެ. ލޯމަތިން އެތިންމީހުން ގެއްލުނު އިރު އެދިމާލަށް ގެއްލިފައި ހުރި ޒުކަން ސިހިގެން ދިޔައީ އައިކު އައިސް އޭނާގެ އަތުގައި ދެއަތުން ހިފާލާފައި ގޮވާލުމުންނެވެ.

“ދެން ހިނގާ ދޯ ގެއަށް ދާން، ރޭގަނޑުވުމުގެ ކުރިން ގެއަށް ވަންނަންވާނެ އެންނު” ޒުކަން އަވަސް އަވަހަށް އައިކުއަށް ބަލާލާފައި ބުނެލިއެވެ. އެކުއްޖާ ފަހަތަށް ޕާކުގެތެރެއަށް ބަލާލާފައި ބޯޖަހާލަމުން ޒުކަންގެ އަތުގައި ހިފާލިއެވެ. އަދި ހިނގައިގަންނަން ތައްޔާރުވެލިއެވެ.

* * * *

ސޯފާގައި ޓީވީ ބަލަން އިން އިބާ ދޮރާ ދިމާލަށް ބަލާލީ ދަރިފުޅުގެ އަޑުއިވިގެންނެވެ. އޭރު ޒުކަން، އައިކު ގޮވައިގެން ސިޓިން ރޫމަށް ވަންނަނީއެވެ. މަޖާވެލާފައި ވާހަކަދައްކަމުން ދިޔަ އައިކުގެ އެއްވެސް ކަމަކަށް ޒުކަންގެ ސަމާލުކަން ދެވިފައި ނެތްކަން އިބާއަށް ފާހަގަވިއެވެ. ކޮންމެވެސް ކަމެއް ޒުކަންއަށް ދިމާވެއްޖެހެން އިބާއަށް ހީވުމާއިއެކު ޒުކަންގެ މޫނުމަތީގައިވާ އުދާސްކަން އިބާގެ ހިތަށް އުނދަގޫކުރުވިއެވެ.

“ޒުކަންގެ ހިތުގައި ކޮންމެވެސްކަމެއް ސިއްރުކުރާކަން އަހަންނަށް އެނގޭ، ހިތަށް އަރާ ކޮންދުވަހަކުން ބާއޭ އެހިތުގައިވާ ހުރިހާ ކަމެއް އަހަންނަށް ކިޔާދޭނީ، ފަހަރެއްގައި އޭރުން އަހަންނަށް ވެސް އަހަރެން ސިއްރުކުރާ ކަންތަކުގެ ވާހަކަ ޒުކަން ގާތު ހާމަކުރާނޭހާ ހިތްވަރު ލިބިދާނެކަންނޭނގެ” ކޮޅަށް ތެދުވެވުނު އިބާގެ ހިތަށް އެރުމާއިއެކު ތިރީތުންފަތުގެ އެއްފަރާތުގައި ދަތްއަޅާލެވުނެވެ.

އައިކު ދުވެލާފައި އައިސް ސޯފާގެ އެއްފަރާތުގައި އިން އޭނާގެ މާމަ އާއި ސަމާސާ ގޮތަކަށް ތޮޅިލާފައި އިބާގެ ފަހަތަށް ވަދެ ފިލިއެވެ. އިބާ ދަރިފުޅުގެ ގައިގާ ހިފާއްޓާލަމުން ޒުކަންއަށް ބަލާލިއިރު އޭނާ ހަލުވިކޮށް ހިނގާފައި ގޮސް ކޮޓަރިއަށް ވަންނަނީއެވެ.

“އައިކު، މިއަދު ހާދަ އަވަހަކަށް ދަރިފުޅު ތިއައީ” އިބާ މިހެންބުނެލީ ދަރިފުޅުގެ ކިބައިން ކަމެއް އޮޅުންފިލާފާނެ ކަމަށެވެ. އެހެންނަމަވެސް އެކުއްޖާ ސަކަރާތުގައި އުޅުނީ ތަހުމީނާއަށް އުނދަގުލެއްކޮށްލެވޭތޯއެވެ. އިބާ ދައްކާ ވާހަކައަށް އެއްވެސް ސަމާލުކަމެއް ނުލިބުނެވެ. އުނަގަނޑުގައި އެއްއަތްވިއްދާލުމާއިއެކު އިބާ ދަރިފުޅުގެ ހަރަކާތްތަކަށް ބަލަންހުރެ ވިސްނާލިއެވެ.

“އައިކު، މާމަ އާއިއެކު ނަމާދަށް އަރައްޗޭ، މިއަދު ވެސް ވާނެ މާމަ ކިޔަވާ ގަޑީގައި ދަރިފުޅުވެސް ކިޔަވަން އިނގޭ، މަންމާ އައިކު މާސަކަރާތްބޮޑުވެއްޖެއްޔާ ކޮޓަރިއަށް ފޮނުވާލާ” އިބާ މިހެން ބުނެ ހަލުވިކޮށް އައިސް ކޮޓަރިއަށް ވަނެވެ.

ބެލްކަނީގައި ހުރި ޒުކަން އޭނާގެ ދެލޯ ފޮހެލިތަން ފެނުމުން އިބާ ވަކިން ކަންބޮޑުވިއެވެ. ހާސްވެފައި ހުރެ އައިސް ޒުކަންގެ ފަހަތުން ބުރަކަށީގައި އިބާ ފިރުމާލިއެވެ. އިތުރަށް ޒުކަންއަށް ކެތެއްނުވިއެވެ. އިބާ ގެނެސް އެނާގެ މޭގައިޖައްސާ ބާރުކޮށްލިއެވެ.

“ޒުކަން…” އިބާއަށް ބުނެލެވުނެވެ.

“އިބާ، އަހަންނަށް… އަހަންނަށް ބޭވަފާތެރިވެވިއްޖެ…” ޒުކަންގެ ކުރެހިފައިވާ އަޑުން މަޑުމަޑުން އިބާގެ ކަންފަތްކައިރީ ބުނެލިއެވެ. ޒުކަންބުނި ޖުމްލަ އަޑުއިވުނު އިބާއަށް ދެލޯމަރާ ބާރުކޮށްލެވުނެވެ. ހިތުގައި މަޑުރިހުމެއް އުފެދިގެންދިޔައެވެ. އެތަށްބައިވަރު ސުވާލެއް ސިކުނޑިއަށް ޖަމާވެގެންދިޔަ ނަމަވެސް އެއިން އެއްވެސް ސުވާލެއް ކުރާނެހާ ހިތްވަރެއް އިބާގެ ނެތެވެ. އިރުކޮޅަކު އިބާގެ ގައިގާ ހިފާއްޓާލައިގެން ހުރެފައި ޒުކަން އޭނާގެ ދެލޯ ފޮހެލަމުން އިބާ ދުރުކޮށްލިއެވެ.

“ކީއްވެ އެއްޗެއް ނުބުނީ، ނާހާނާނަންތަ އެއީ ކާކުތޯ، ނާހާނަންތަ ކީއްވެތޯ…” ޒުކަން ހިތްވަރުކޮށްފައި ވާހަކަދެއްކިއެވެ. އެހިނދު ޒުކަންއަށް ބަލަންހުރި އިބާ ދެއަތްތިލައިގެ ތެރޭގައި މޫނު ފޮރުވާލަމުން ރޯންފެށިއެވެ.

“އިބާ، ޕްލީޒް ނުރޮއެ، އަހަންނާ ވާހަކަދައްކަބަލަ” ޒުކަން ދެރަވެފައި ބުނެލިއެވެ.

“ވަފާތެރިނުވެވުނު އިރު ސުވާލުކުރާނީ ކޮންދުލަކުން” ރޮމުން ކަހަލަ ގޮތަކަށް އިބާ އިސްޖެހިފައި ހުރެ ބުނެލިއެވެ.

“އިބާ، ކީކޭތިބުނީ، އަހަންނަށް އިބާއަށް އޮޅުވާލެވުނީ، އިބާއަކަށް ނޫން، އެރޭ އަހަރެން ގެއިން ނުކުމެގެން ދިޔައީ ފަހަރެއްގައި ވެސް އިބާއަށް ބޭވަފާތެރިވުމަށް ހިތަށް އަރުވައިގެނެއްނޫން، އެހެންވިޔަސް ތަޤްދީރުގައި ލިޔެވިފައިވާ އެއްޗެއް އެނގޭނީ ކާކަށް، އަހަންނާ އެއަންހެން ކުއްޖާ ދިމާވީ އެރޭ، އިބާ، އަހަރެން މިވާހަކަތައް އިބާއަށް ކިޔާދޭން ބޭނުންވި، އެކަމަކު އިބާ ދެރަވާނެވަރު ހިތަށްއަރާފަ ފަސްޖެހެވެނީ، މިއަދު އެނގިއްޖެ މިވާހަކަ އިބާއަށް ވެސް އެނގުމަކީ ކިހާ މުހިންމު ކަމެއްކަން، ގަސްދުގައިނޫނަސް އަހަންނަށް ކުރެވުނު ކުށުގެ ނިޝާނެއް މިދުނިޔެއަށް އުފަންވެއްޖެ، އެކަން އެނގުނީ މިއަދު، އިބާ، އަހަރެން އިބާ ނޫން މީހަކާ ކައިވެނި ނުކުރިކަމުގައިވިޔަސް އަހަރެންގެ އައިކު ނޫން ދަރިއަކު އެބަހުރި…” ޒުކަން، އިބާގެ ގާތަށް ޖެހިލަމުން އެމޫނުގައި ހިފާ އޭނާ އާއި ދިމާލަށް އުފުލާލާފައި ބުނެލިއެވެ. ކަރުނައިން ފުރިފައިވާ އިބާގެ ލޯ ބޮޑުކޮށްލެވުމާއިއެކު ޒުކަންގެ މޭގައި މޫނު ފޮރުވާލަމުން ބާރަށް ރޮވެން ފެށުނެވެ.

“ޒުކަން އަހަންނަށް ތިހާ ބޮޑު އިތުބާރެއްނުކުރޭ، އަހަންނަށް ވެސް ވަނީ ކުށެއްކުރެވިފައި، އަހަރެން ވެސް މިވާހަކަ ޒުކަން ގާތު ބުނަން ބޭނުން، އަހަރެން ޒުކަން ނޫން މީހެއްދެކެ ލޯތްބެއް ނުވަން، އެކަމަކު އަހަންނަށް ވެސް ވަނީ ހިލޭ ފިރިހެނަކާއި ގާތްވާން ނުޖެހޭވަރަށް ގާތްވެވިފައި، އޮފީހުން ކެނޑުނީ އެހެންވެ، އެކަން ހިނގީ އޮފީސް ފަރާތުން ރިސޯޓަކަށް ގޮސް ތިބި ރެއެއްގައި… ޒުކަން، ޤަބޫލުކުރޭ، އަހަރެން އެންމެ ލޯބިވަނީ ޒުކަންދެކެ، ޒުކަން އާއި ވަކިން އަހަންނަކަށް ނޫޅެވޭނެ، މިއަދު އަހަރެން ޒުކަން ކުށްވެރިއެއް ނުކުރަން، ޚުދު އަހަންނަށް އިހްސާސް ކުރެވޭ ޒުކަންގެ ހިތުގައި ހިނގާނޭ އިޙްސާސްތައް، ތެދަށް ބުނަންޏާ އެތައް އަހަރަކަށްފަހު އަހަރެންގެ ހިތަށް ހަމަޖެހުން ލިބިއްޖެ، ޒުކަންއަށް ސިއްރުކުރަންޖެހޭ އެއްވެސްކަމެއް މިހިތުގައި މިހާރު ނެތް” އިބާ، ޒުކަންގެ މޭގައި މޫނު ފޮރުވާލައިގެން ހުރެ ބުންޏެވެ. ޒުކަން، އިބާގެ މުލައްދަނޑީގައި ހިފާ ދުރަށް ޖައްސާލަމުން އެމޫނަށް ބަލާލީ ހައިރާންވެފައި ހުރެއެވެ.

“އައިކު… އައިކު އެއީ…” ޒުކަން ބުނަން އުޅުނު އެއްޗެއް ރަނގަޅަށް ނުބުނެވިގެން އުޅެނިކޮށް އިބާ ވާހަކަދައްކަންފެށިއެވެ.

“އަހަރެން ބަލިވެ އިނީ ޒުކަންނަށް، ﷲ ގެ ރަޙުމަތްފުޅު އެއީ، އެކަމެއް ހިނގިއިރު އަހަރެން ބާތް ކޮންޓްރޯލް ޕިލްސް ނަގަމުން ދިޔައީ، އަހަންނަށް އިތުބާރުކުރޭ…” އިބާ އާދޭސްކުރާފަދަ ގޮތަކަށް ދެއަތްޖޯޑުކޮށްލަމުން ޒުކަންއަށް ބަލަންހުއްޓެވެ. އެދެމެދަށް ހިމޭންކަން ވެރިވެގެންދިޔައިރު އެކަކު އަނެކަށް ބަލަހައްޓައިގެން ތިބީ ދެމީހުންނަށް ވެސް ކުރެވުނު ކުށް އިހްސާސް ކުރެވި ލަދުވެތިވެފައި ތިބިފަދަ ގޮތަކަށެވެ. ޒަމާންވީ ކައިވެނި ރޫޅާލާކަށް އަދި އެކައިވަންޏަށް ލިބިފައިވާ ލޯބި ލޯބި ދަރިފުޅާއި ވަކިވާކަށް ދެމީހުންކުރެ އެކަކު ވެސް ބޭނުމެއްނުވެ އެވެ. އިސްވެ އަނގައިން ބުނަން ނުކެރިފައި އިބާ ހުރިއިރު އެދެމެދުގައިވި ދުރުކަން ގާތްކުރުމަށްޓަކައި ޒުކަންގެ ދޫހަރަކާތްކުރިއެވެ.

“އަހަރެން ބޭނުމެއްނުން އިބާ ދޫކޮށްލާކަށް، އަދި އައިކުއަށް ދެރަގޮތެއްވާކަށް ވެސް، އިބާ، އިރާދަކުރެއްވިއްޔާ ދެން އަހަރެންގެ ފަރާތުން ދުވަހަކުވެސް އެކަހަލަ ކަމެއް ނުވާނެ، އަހަންނަށް މާފުކުރޭ” ޒުކަން މިހެން ބުނުމާއިއެކު އިބާގެ ދެއަތްތިލައިގައި ހިފާ ބާރުކޮށްލިއެވެ. ޔަޤީންކޮށްދިނުމުގެ އިޝާރާތެއްގެ ގޮތުންނެވެ. އިބާ ބޯޖަހާލަމުން އޭނާގެ ފަރާތުން ވެސް އެފަދަ ކަމެއް ދެން ނުވާނޭކަމަށް ޒުކަން އަށް ވަޢުދުވިއެވެ. މިއަދު ކުށްކުރެވިފައިވަނީ ދެމީހުންނަށްކަން އެނގުނީތީ އެކަކު އަނެކަކަށް މާފުކުރަން ފަސޭހަވެގެން ދިޔައެވެ. އަދި ހިތުގައި އެކަކު އަނެކަކުގެ މައްޗަށް އުފެދިފައިވާ ލޯތްބާއި ކުލުނު އިތުރުވެގެން ހިނގައްޖެއެވެ. ދެމީހުންނަށް ވެސް ފިނި ނޭވާއެއް ދޫކޮށްލެވުމާއިއެކު ހިނިތުންވެލެވުނެވެ. އެހިނދު ޒުކަން، އިބާ ގެނެސް އެއަތުގެ ތެރެއަށް ލަމުން ކަންތައްވީގޮތް ކިޔާދިނުމަށް އެދުނެވެ. އިބާގެ ވާހަކަ އަޑުއެހުމަށްފަހު އޭނާ އާއި ޖިޔާގެ ވާހަކަތައް ކިޔާދިނެވެ. އެންމެ ކުށެއްގެ ސަބަބުން ދަރިފަސްކޮޅު އޮޅިހިނގައިދާނެކަމުގެ ބިރު ޒުކަންގެ ހިތުގައި އޮތެވެ. އިބާއަށް ހުރިހާ ވާހަކައެއް ކިޔާދޭނެހާ ހިތްވަރު ލިބުނީ ވެސް އެހެންވެއެވެ. ދަރިން ބޮޑެތިވާ ދުވަހަކުން އެކުދިންނަށް، އެކުދިންގެ ދައްތައިންނާ ކޮއްކޮއިންނާއި ބޭބެއިން އެނގިފައި ނެތްނަމަ އެދެމެދުގައި ހަރާމްވެގެންވާ ނުބައި ގުޅުމެއް އުފެދިދާނެތީއެވެ. ޒުކަންގެ ސަބަބުން އެފަދަ ކަމެއް ވުމަށް އޭނާ އެއްގޮތަކަށް ވެސް ބޭނުމެއްނޫނެވެ.

“ޒުކަންގެ ދަރިއަކަށް ވީއިރު އަހަރެންވެސް އެކުއްޖާ ދެކިލާހިތްވޭ” އިބާ މަޑުމަޑުން ބުނެލިއެވެ.

“އިރާދަކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން އަދި ފެންނާނެ، އަހަރެން ޖިޔާއަށް އުނދަގޫވެދާނެ ކަމެއް ފަހަރެއްގައި ވެސް ކުރާކަށް ބޭނުމެއްނޫން، އެކަމަކު އެނގޭތަ އަހަންނާ އެކުއްޖާ ވަރަށް ވައްތަރު…” ޒުކަންގެ ލޮލުގައިވާ އާދަޔާއި ޚިލާފުވިދުމާއި އެތުންފަތުގައިވާ ހިނިތުންވުމުން އިބާއަށް ޒުކަންގެ ހިތުގައިވާއެއްޗެއް ދެނެގަންނާކަށް އުނދަގުލެއްނުވިއެވެ. ޒުކަންގެ ހިތުގައި ޖިޔާއަށް ޚާއްޞަކަމެއް ދެވިފައިވާކަން އެނގުނަސް އެކަމާ އިބާ ހަސަދަވެރިއެއްނުވިއެވެ. އޭގެ ބަދަލުގައި އޭނާގެ ހިތް ވެސް ވަނީ ޖިޔާ އާއި ބައްދާލުވާނެ އިރެއްގެ އިންތިޒާރުގައެވެ. އެދުވަހަކުން އެނާ ވެސް ޒުކަންގެ ދިރިއުޅުމަށް އެދަރިފުޅާއި ދަރިފުޅުގެ މަންމައަށް މަރުޙަބާ ކިޔާނެކަން ގައިމެވެ.

* * * *

ހިތްހަމަނުޖެހިފައި ހުރެވެސް ޞޮފާ ލޯބިގޮތަކަށް ހިނިތުންވެލީ ރިހާމާއި ދެބަސްނުވެ ހުރެވޭތޯއެވެ. އަދި ފޮށްޓަށް އެއްޗެހި އަޅާ ނިންމާލުމަށްފަހު ރިހާމާއި ދިމާލަށް އެނބުރިލިއެވެ.

“މިހިރީ ނިމިފައި، އިތުރު އެއްޗެއް ބޭނުންވާނެތަ” ޞޮފާ އަހާލިއެވެ.

“ނޫން! ބޭނުމެއްނުވާނެ” ރިހާމު އަވަސް އަރުވާލާފައި އައިސް ފޮށި ލައްޕާލިއެވެ. އެންމެ ދެހުދުމާއި ރީތިވުމަށް ބޭނުންވާނެ ސާމާނު ފިޔަވައި އޭގައި އެކައްޗެއްވެސް ނެތެވެ. އެކަމާ ވެސް ޞޮފާ ހުރީ ސުވާލު އުފެދިފައެވެ. ކައިވެންޏަށް އެހާދުވަސް ވެފައިވާއިރު ރިހާމު ދުވަހަކުވެސް އެހާ ހާސްވެގެން ނޫޅެއެވެ. އޭނާ ފަޓުލޫނު ޖީބުގައި އޮތް ފޮނު ނަގައި މީހަކަށް ގުޅާލުމާއިއެކު ކޮޓަރިން ބޭރަށް ނުކުތެވެ. ޞޮފާ ވެސް މަޑިމަޑުން އޭނާގެ ފަހަތުން ނުކުތެވެ. ރިހާމު ފޯނުގައި ހުރެ ނުކުތީ ބެލްކަންޏަށެވެ. އެތަނުގައި ހުރެ ދެކޮޅަށް ހިނގަމުން އޭނާ ވާހަކަދައްކަމުން ދިޔައެވެ. ހީވަނީ ކޮންމެވެސް ބޮޑުކަމެއް ދިމާވެގެން އުޅޭހެންނެވެ. އަތްހޫރުމާއި ބޮލުގައި އަތްކާތާލުމާއި ދަތްދޮޅީގައި އަތްހާކާލުން ފަދަ ކަންތައް ފޯނުގައި ހުރިއިރު ރިހާމުގެ ފަރާތުން ޞޮފާއަށް ފާހަގަކުރެވުނެވެ. މިކަންތައްތަކަކީ ވެސް މީހާ ހާސްވެ ކަމަކާއި ކަންބޮޑުވެފައި ހުރިކަން ދައްކުވައިދޭ ނިޝާންތަކެއްކަން ޞޮފާއަށް ވެސް ދެނެގަންނަން އެނގެއެވެ. ކުއްލިއަކަށް ފަހަތަށް އެނބުރިލެވުނު ވަގުތު ޞޮފާ ބަލަހައްޓައިގެން ހުރިތަން ފެނި ރިހާމު އަވަސް އަވަހަށް ބެލްކަންޏަށް ނުކުމެވެން ހުންނަ ދަމާ ދޮރު ލައްޕާލިއެވެ.

އިރުއޮއްސުނު އިރު ރިހާމު ފުރައިފިއެވެ. އިޝާލް އާއިއެކު ޞޮފާ ގޭގައި އެކަނިވީއެވެ. އެހެންވެ މަންމަ ޒުހޭރާއަށް ގުޅައިގެން އެގެއަށް ގެނައެވެ. ދެދުވަހެއްގެ ތެރޭގައި ރިހާމު މާލެ އައިކަމުގައި ވިޔަސް މާބަނޑު ދުވަސްވަރު އެކަނި ހުންނަން ޞޮފާ ބިރުގަންނަނީއެވެ. ރިހާމުގެ އުޅުމަށް ބަދަލުތަކެއް އަންނަމުން ދާކަން ޞޮފާ އެންމެނަށްވަނީ ސިއްރުކޮށްފައެވެ. އެހެންވެ ޒުހޭރާއަށް ވެސް ޞޮފާގެ ހިތުގެ އިހްސާސްތަކެއް ނޭނގެއެވެ.

* * * *

ޑައިރީގައި ލިޔެލެވުނު އެޑްރެހަށް ޖިޔާ ބަލަހައްޓައިގެން ހުއްޓެވެ. އޭގައިވަނީ ޒުކަންގެ އެޑްރެހެވެ. އެވަގުތު ނާވީ އޭނާއަށް ގޮވާލި އަޑުއިވުމާއިއެކު އަވަސް އަވަހަށް ޑައިރީ ލައްޕާލާފައި އަލަމާރީގެ ވަތްގަނޑު ތެރެއަށް ލިއެވެ.

“އަރ ޔޫ އޯކޭ” ނާވީ އައިސް ޖިޔާގެ ގާތުގައި މަޑުކޮށްލަމުން އަހާލިއެވެ. ޖިޔާ މަޑުމަޑުން ބޯޖަހާލުމާއިއެކު ހިނިތުންވެލިއެވެ. ނާވީ ޖިޔާގެ ގާތުން ޒުކަން އާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ނާހައެވެ. އެކަމާ ޖިޔާ ވަރަށް ހައިރާންވިއެވެ. އެއާއިއެކު ހިތްހަމަވެސް ޖެހުނެވެ. މާޒީގެ ހިނގާފައިވާ ކަންތައްތަކަކީ ނާވީއަށް މުހިންމު ކަމެއްނޫނީއެވެ. އޭނާ ބޭނުންވަނީ ޖިޔާ އާއިއެކު އުފާވެރި މުސްތަޤުބަލެކެވެ. ނާވީއަށްވުރެ ބޮޑަށް އޭނާގެ ހިތް އެނގޭނޭ ދެވަނަ މީހަކު ނުހުންނާނެކަން ޖިޔާ ޤަބޫލުކުރިއެވެ. ހިތްހަމަޖައްސާލުމާއިއެކު ޖިޔާ، ނާވީގެ އަތުގައި ހިފާބާރުކޮށްލަމުން އެމޫނަށް ބަލާލިއެވެ.

“އައި ލަވް ޔޫ…” ހައިރާންވެފައި ހުރި ނާވީގެ ކަންފަތުގައި ޖިޔާގެ އަޑުޖެހުމުން ކުރިއަށްނެގި ފިޔަވަޅު ހުއްޓުމަކަށް އައެވެ. ފުންނޭވާއެއްލާފައި ހިނިތުންވެލަމުން ޖިޔާއަށް ނާވީ ބަލާލީ ލޯބިންނެވެ.

“ތެންކިއު، މިހާރު އެނގިއްޖެ ޖިޔާ ތިހިރީ އުފަލުންކަން، އަހަންނަށް ޖިޔާ ބޭނުންވާ ހުރިހާކަމެއް އެބަކޮށްދެވޭކަން” ނާވީ މިހެން ބުނުމުން ޖިޔާ އަދި އިތުރަށް އުފާވިއެވެ. ލިބުނު ހިތްހަމަޖެހުމާއިއެކު ދެމަފިރިން ކޮޓަރިން ނުކުތީ ޖިޔާގެ މަންމަ ގާތަށް އެގެއަށް ގޮސްލުމަށެވެ.

* * * *

މެންދުރުފަސް ދޭއްގެ ޚަބަރު ބަލަންތިބި އެންމެން ސިއްސުވާލީ ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ގިނައަދަދެއްގެ މަސްދުވާތަކެއްޗާއިއެކު ރާއްޖެއަށް އެތެރެވި ދިވެއްސަކު ހައްޔަރު ކުރި ވާހަކަ ގޮވުމުންނެވެ. އަދި ކުރެވުނު ތަޙުޤީޤުގައި އޭނާ އެކަން ކުރާތާ ގިނަ ޒަމާންތަކެއް ވެފައިވާކަމަށް ވެސް އެއޮޕަރޭޝަންގައި އިސްކޮށްހުންނެވި ފުލުހުންގެ ވެރިއަކު މީޑިއާއަށް ޚަބަރުދެއްވަމުން ދިޔަތަން ދެއްކުމުންނެވެ. ނުހާ، ތަންކޮޅެއް ބާރަށް ބަދިގޭގައި އުޅުނު ޖިޔާއަށް ގޮވާލާފައި ޚަބަރު ބަލަން އައުމަށް ބުންޏެވެ. ޖިޔާއަށް ޓީވީ ފެންނަ ހިސާބަށް އާދެވުމާއިއެކު މީހާއަށް ހުއްޓުން އެރިއެވެ. ޓީވީގެ ސްކްރީނުގައި ބޮޑުކޮށް ފެންނަ ހުރީ ރިހާމުގެ ފޮޓޮއެކެވެ. އޭނާ އަވަސް އަވަހަށް ފޯނު ހޯދަން ފެށިއެވެ. ނުހާއަށް މިކަން ފާހަގަ ކުރެވި ސުވާލުކުރިއެވެ. ނަމަވެސް އެއްޗެއް ބުނުމުގެ ކުރިން ޖިޔާ ފޯނު ނަގާ ޝާކިރާއަށް ގުޅިއެވެ.

“މަންމާ، މަންމާ… ޓީވީ ހުޅުވަބަލަ” ޖިޔާ ހާސްވެފައި ހުރެ ބުންޏެވެ.

“މަންމަ ވެސް މިއިނީ ދޭއްގެ ޚަބަރުބަލަން، ފެނިއްޖެ، އަޅެ ކާކު ދޯ ހިތަށްއަރާނީ، އަލްހަމްދުލިﷲ ޝުކުރު، އޭނާގެ ކިބައިން ދަރިފުޅު ސަލާމަތްވިކަން، ސިއްރުކުރަން އުޅުނަސް ހަޤީޤަތް ކޮންމެވެސް ދުވަހަކުން ފަޅާއަރާނެ، އޭނާއަށް ލިބިގެން އުޅޭ މުއްސަނދިކަމަކީ ކިހިނެއްލިބިގެން އުޅޭ މުއްސަނދިކަމެއްކަން އެއޮތީ ދުނިޔެއަށް ފަޅާއަރާފައި، މިހާރު ހުންނާނީ ރަނގަޅު ފިލާވަޅެއް ލިބިފައި…” ޝާކިރާ ފޯނުން ބުނިއަޑު ޖިޔާއަށް އިވުނެވެ.

“އެކަމަކު، ކިހާ ދެރަދޯ މަންމާ” ޖިޔާއަށް ބުނެލެވުނެވެ.

ފޯނު ކަންފަތާއި ދުރުކޮށްލެވުމާއިއެކު ނުހާ އޭނާގެ ސުވާލުތައް އޮއްސާލިއެވެ. އެއާއިއެކު ރިހާމަކީ ކާކުކަން ޖިޔާ، ނުހާއަށް ބުނެދިނެވެ.

“ސުބްހާނަﷲ” ނުހާއަށް ބުނެލެވުނެވެ. އޭރު ނާވީ، އާއި ޒިޔާފު އިޝްވާ ގޮވައިގެން ސިޓިން ރޫމަށް ނުކުތީއެވެ.

* * * *

ސިޓިން ރޫމުގައި ހުރި ޞޮފާ އަނބުރައިގަނެގެން ވެއްޓެން ދިޔަވަގުތު ލަޔާ އާއި ޒުހޭރާ ދުވެފައި އައިސް ހިފޭއްޓިއެވެ. އެމަންޒަރު ފެނުނު އީޝަލް ކަންބޮޑުވެފައި ރޯންފެށިއެވެ. ޞޮފާއަށް ފިރިމީހާ ގެއްލުނީއެވެ. ދެކުދިންނާއިއެކު އެނބުރި އަމިއްލަ ގެއަށްދާން މަޖުބޫރުވީއެވެ. ރިހާމުގެ މައްޗަށް ކުށް ސާބިތުވެ އޭނާގެ ހުރިހާ މުދަލެއް ސަރުކާރަށް ނެގީއެވެ. ޒުހޭރާ ހުރީ ބުނާނެއެއްޗެއް ނޭނގި ހިމޭންވެފައެވެ. ރިހާމުގެ މުއްސަނދިކަން ފެނުނުއިރު އެއީ އޭނާ ކިހިނެއް ހޯދާ ފައިސާއެއްކަން ކުރިން ބަލާލެވުނު ނަމައޭ ހިތަށްއަރާފައި ހުރި ފަދަ ގޮތަކަށެވެ. އެވަރުން ދަރިފުޅުގެ ކައިވެނި ރިހާމާއި ކުރެވުމަކުން ލިބުނު ފައިދާއެއް މިއަދަކު ނެތެވެ. ގެގަޑުވެސް ހަދަންފެށިގޮތަށް އެހުރީ ނުނިމިއެވެ. މިހުންނަނީ ދުނިޔެއާއިގެން އުޅެން ހަދައިގެން ލިބޭ ލަނޑެވެ. ދެންވެސް މިކަމުން ފިލާވަޅެއް ލިބިގަތުމަކީ އެންމެ ބުއްދިވެރިގޮތެވެ.

* * * *

ރިހާމުގެ ގާތުން ދުރަށްދެވުނު މީހަކަށްވެއްޖެއްޔާ މިއަދު އެމީހެއްގެ ހަޔާތް އާބާދުވެ އުފާވެރިކަން ލިބިއްޖެއެވެ. ޖަލުގެ ހައްޔަރުގައި އޭނާ ބަނދެވިފައި ހުރިއިރު އަމިއްލަ ދިރިއުޅުމާއިމެދު ވިސްނާލެވުނުވެ. އަތުގައި ފައިސާ ގިނަވުމަކީ މީހާއަށް މަގުއޮޅޭ ކަމެކެވެ. ހަވާނަފްސަށް ހެއްލޭލެއް ފަސޭހައެވެ. ތިމާއަށް ނުވާނޭކަމެއް ނޯންނާނެއޭ ހީވާ ކަހަލައެވެ. ނަމަވެސް މިއަދު އެހުރިހާ ފައިސާއަކުންވީ ކަމެއްނެތެވެ.

ކުށެއްކުރެވުމުން މާފަށްއެދި އަދި މާފުކުރަނީ ކޮންމެހެން އެކަމެއްގެ މަތިން ހަނދާންނެތިގެނެއްނޫނެވެ. އެކަމަކު ތިމާގެ އަމިއްލަ ނަފްސާ ރޫހަށް ލިބޭ ހިތްހަމަޖެހުމަށްޓަކައެވެ. ދުނިޔޭގައި އުޅޭއިރު ކުށެއްނުކުރެވޭ އިންސާނަކު ނުހުންނާނެއެވެ. އިންސާނުންނަށް އޮތީ އެކަން ދެނެގަނެވުމުން ތަޢުބާވުމެވެ. މާފަށްއެދުމެވެ. މާފުކުރުމަކީ އަނެއްކާގެ އަތްމަތީގައިވާ ކަމެވެ. ޖިޔާގެ ހިތަށް ހަމަޖެހުން ލިބުނު ފަދައިން ޝޫޒާ ވެސް ހުރީ މިއަދު ހިތްހަމަޖެހިފައެވެ. ރިހާމުގެ މައްޗަށް ހިތުގައި އެއްވެސް ބުރަކަމެއްނުވެއެވެ. ޞޮފާ އާއިމެދު އެހިތްތައްވަނީ ހަމްދަރުދީއިން ފުރިފައެވެ. އެއާއިއެކު ޒުކަންގެ ދެމަފިރިން ތިބީ ޖިޔާ އާއި ދަރިފުޅުގެ އިންތިޒާރުގައެވެ. އެމީހުންގެ ހިތްވެސް އެކަކު އަނެކަކަށްޓަކައިވަނީ ސާފުވެފައެވެ. މާފަށް އެދުމާއި މާފުކުރުމުގެ ރީތި ސިފަ ޚިޔާރުކުރުމަށްފަހުއެވެ.

~ ނިމުނީ ~

Leave a Comment

Your email address will not be published. Required fields are marked *