ނާއިލުއަށް ހޭލެވުނު އިރު ޝަބާ ކޮޓަރިތެރޭގައި ވާހަކަ ފޮތެއް ހިފައިގެން އިނެވެ. ކުރާނެ މާގިނަ ކަންތައްތަކެއް ނެތުމާއިއެކު އޭނާގެ ވަގުތުތަށް ވާހަކަފޮތަށް ހުސްކޮއްލީއެވެ. ވާހަކައިގެ ދުނިޔޭގައި އޭނާވަނިކޮށް ސިއްސުވާލީ ނާއިލުގެ އަޑުންނެވެ.
“ރަނގަޅަށް ނިދުނަތަ؟” ޝަބާ އަވަސް އަވަހަށް ވާހަކަ ފޮތް ލައްޕާލާފައި އަހާލިއެވެ.
“ހޫމް، މީކާއަށް ގޮވާލަ ދީ، ގަޑިން ކިހާ އިރެއް” ނާއިލު އަހާލިއެވެ.
“އެގާރަ ޖަހަނީ” ޝަބާ ފޯނު ނަގަމުން ބުނެލިއެވެ. އަދި މީކާއަށް ގުޅާލާފައި ކޮޓަރިއަށް އައިސް ދިނުމަށް ބުންޏެވެ.
ނާއިލު ތައްޔާރުވަންދެން ޝަބާ ނުކުމެލީ ގޭގެ ސިޓިން ރޫމަށެވެ. އެތާކުން އެކަކުވެސް ނުފެނުނެވެ. އެހެންވެ ގޭގެ ފަހަތުގައި އޮތް ހުސްތަނަށް ނުކުތެވެ. އެއްވެސް މީހެއްގެ އެހީ އާއި އަޅާލުމާއި ނުލާ ހެދިފައި ހުރި ފޭރު ގަހަކާއި ފަޅޯ ދެގަސް އެތަނުގައި ހުއްޓެވެ. އިންފާރުގެ ކަނަކަށްވާގޮތަށެވެ. ކޮންމެވެސް މީހަކު އެތަނުގައި އިންދާފައިވާ ގަސްހެން ޝަބާއަށް ހީވިއެވެ. ނަމަވެސް އެމީހުން އެގެއަށް އައިފަހުން އެގެ ސާފުކުރުމަށް މީހަކު ނާދެއެވެ. ކުރާ މަސައްކަތެއްވެއްޖެއްޔާ ކުރަނީ އޭނާ އާއި ލީލާ އާއި ދެމީހުންނެވެ. ޝަބާއަށް ދެންބަލާލެވުނީ އެއްފަރާތެއްގައި ހުރި ކަޅުކުލައިގެ ފެންއަޅާ ބޮޑު ހަމަށެވެ. އޭގެ ކައިރީ ހެދެން ފަށައިފައި އޮތް ބަރަބޯ ވެލަށެވެ. ސަމީރާގެ މަތިން އޭނާ އެވަގުތު ވަރަށް ހަނދާންވިއެވެ. އަސްލަމްގެ ހާލާއި ސަމީރާގެ ހާލު ބަލާލުމަށް އޭނާ ބޭނުންވިއެވެ.
“ޝަބާ…” މަތިން މީހަކު ގޮވާލުމުން ޝަބާ ބަލާލިއެވެ. ބެލްކަނީގައި އަތްއަޅުވާލައިގެން ހުރި ނަވާލު ފެނުނީ ދެނެވެ. ޝަބާ އަވަސް އަވަހަށް ހިނިތުންވެލިއެވެ.
“މިތާ މަތިން މިރަށުގެ ވަރަށް ގިނަ ގެތަ އެބަ ފެނޭ، މައްޗަށް އާދެބަލަ” ނަވާލު އޭނާގެ ހުދު ހުދު ދަތްތައް ފެންނަވަރަށް ހިނިއައިސްފައި ހުރެގެން ބުނެލިއެވެ. އިތުރު އެއްޗެއް ނުބުނެ ޝަބާވެސް ހިނގައިގަތީ ނަވާލުގެ ގާތަށް ދިއުމަށެވެ.
ޝަބާމެން ތިބި ގޭގެ ވަށައިގެން ގެތަށް ހުރިއިރު އެނޫނީ ބުރިބުރިއަށް ނަގާފައި ހުރި ގެއެއްނެތެވެ. ރަށުގެ މެދުތެރެއިން ވަރަށް ދުރުން ތަނބުތަކެއް ޖަހާފައި ހުރި ގެއެއް ފެންނަން ހުއްޓެވެ. އެހެންނަމަވެސް އެއީ ވަރަށް ދުރުންނެވެ. ޝަބާ އައިސް ނަވާލުގެ ގާތުގައި ބެލްކަނީގައި އަތްއަޅުވާލަމުން ހުއްޓި ވަށައިގެން ބަލާލިއެވެ. ގިނަ ގޭގޭގައި މީހުން އުޅޭނޫޅޭގޮތް ފެންނަމުންދިޔައެވެ. ބަދިގެ އާއި ކާގެ ވަކިން ހުރުމުން އެތަން ތަނަށް ވަދެނުކުމެވާ މީހުންނެވެ. މައިގެއާއި އެދޭތެރޭގައި ދުވެދުވެފައި އުޅޭ ކުޑަކުދިންތަކެވެ. އެވަގުތު ޖެހިގެން ހުރިގޭތެރެއިން ގޮނޑިއެއްގައި މުރަނގަ ތޮޅި ސާފުކުރަން އިން އަންހެން ކުއްޖަކު އެމީހުންނާއި ދިމާލަށް ބަލާކަން ފާހަގަ ކުރެވުނެވެ.
“އެ އަންހެން ކުއްޖާ އެބަލަނީ ނަވާލަށް” ޝަބާ ސަމާސާ ރާގެއްގައި ބުނެލިއެވެ.
“ޝަބާ ޖެލަސްވީތަ އެހެން އަންހެން ކުދިން އަހަންނަށް ބަލާތީ” ނަވާލު މަސްތީގޮތަކަށް ފާރުގައި ލެނގިލަމުން ޝަބާއަށް ބަލާލާފައި ބުނެލިއެވެ.
“ހޫމް… ޖެލަސްވީ…” ސަމާސާގެ ތެރެއިން ޝަބާ ފާޑަކަށް ނަވާލަށް ބަލާލާފައި ބުނެލިއެވެ. އަދި އެމީހުންނަށް ބަލަން އިން އަންހެން ކުއްޖާއަށް ހިނިތުންވެލިއެވެ. އެއަންހެން ކުއްޖާވެސް ހިތްހެޔޮ ކަމާއިއެކު ހިނިތުންވުމެއް ބަދަލުކޮއްލިއެވެ.
“އެހެންތަ، ޝަބާ ބޭނުމިއްޔާ އަހަރެން ލިބިދާނެ، އެކަމަކު އެހެން އަންހެން ކުއްޖަކަށް ނުލިބޭނެ” ނަވާލު ބޯއަރިކޮށް ބަލާލަމުން ބުނެލިއެވެ. އެއަޑު އަހަންހުރި ޝަބާ ލުއިލުއި ގޮތަކަށް ހީނލީއެވެ. ނަމަވެސް ނަވާލުގެ ތުންފަތަށް ވެރިވެފައިވަނީ ލާނެތް ހިންޏެކެވެ. އޭނާ ބުނާ ޖުމްލަތަކުގައި ފޮރުވިފައިވާ މާނަ ޝަބާ ދެނެގަންނާނެ ނަމައޭ އޭނާގެ ހިތަށް އަރަމުންދިޔައެވެ. ނޭނގޭކަމަށް ހަދާފައި ޝަބާގެ ގައިގާ ބީހިލަންވެސް އޭނާ ހިތަށް އެރިއެވެ. އެހެންނަމަވެސް އެއަށްވުރެ ކުރިން ޝަބާ އެތަނުން ދިއުމަށް ހިނގައިގަނެއްޖެއެވެ.
“ދަނީތަ، އަހަރެން ވަރަށް ފޫހިވެފަ މިހިރީ، ވާހަކަ ދައްކާލަން މަޑުކޮއްލަ ބަލަ” ކުއްލިއަކަށް އެއްލި އަތުން ޝަބާގެ ކަނާތުގައި ހިފާލަމުން ނަވާލު ބުނެލިއެވެ.
“މިވަގުތަކު ނޫން، މިދަނީ ނާއިލުއަށް ސައިހަދަން” ޝަބާ ބުންޏެވެ. އަދި އަތްދަމައިގަންނަން އުޅުމުން ނަވާލު ތަންކޮޅެއް ބާރަށް ޝަބާގެ އަތުގައި ހިފަހައްޓާލިއެވެ. ހައިރާންކަން ވެރިވެގެން ދިޔަ ޝަބާ ނަވާލަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. އެހިނދު ނަވާލު ޝަބާގެ އަތްއުފުލާލުމާއިއެކު އޭނާގެ އަތްތިލަ ހުޅުވާލީ ޝަބާއަށް ދިއުމުގެ ހުއްދަ ދީފީމޭ ބުނާފަދަ ގޮތަކަށެވެ. ހުއްޓުން އަރާފައި ހުރި ޝަބާއަށް މަޑުމަޑުން ނަވާލުގެ އަތާއި އޭނާގެ އަތްދުރުކޮއްލަމުން އަދިވެސް އެއްފަހަރު ނަވާލަށް ބަލާލެވުނެވެ. ނަވާލު އޭނަ އާއި ސަމާސާ ކުރަނީބާއޭ ޝަބާ ހިތަށްއެރިއެވެ. އެހެންނަމަވެސް އޭނާގެ އަތުގައި ހިފާ ކަންތައް ކުރާކަށް ޝަބާ ބޭނުމެއްނޫނެވެ. ހުރި ފިޔަވަޅުމަތިން އަވަސް ހިނގުމުގައި ހިނގައިގަތީ ނަވާލުގެ އެސަމާސާ އާއި މެދު ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހިވިފައި ހުރެއެވެ.
“އަހަރެން މިއައީ ނާއިލުއަށް ސައިހަދައިދޭންވެގެން، ކީއްވެ ގޮވާނުލީ” ޝަބާއަށް ކާމޭޒު ދޮށުގައި އިން ނާއިލު ފެނުމާއިއެކު ބުނެލެވުނެވެ.
“ޝަބާ ފެންނަ ހިސާބުގައި ނެތީމަ ހިތަށް އެރީ ކަމެއްކުރަންށޭ އެދިޔައީ، މީދެން އެވަރު ކަމެއްނޫނޭ، ކީކޮއްލާފަ ތިއައީ” ނާއިލު އާދައިގެ ގޮތަކަށް ވާހަކަދެއްކިއެވެ.
“މިއައީ މަތީގަ ހުރެފަ، މިރަށުގެ މަލަމަތި ވަރަށް ރީތިކޮށް އެތަނުގައި ހުންނައިރު ފެނޭ” ނާއިލުއަށް ސަމްސަލަކުން ކާންދޭން އިން މީކާއަށް އަތުން އިޝާރާތްކޮއްލަމުން ޝަބާ ބުނެލިއެވެ. އަދި މީކާ އިން ގޮނޑީގައި އިށީނދެ ނާއިލުއަށް ކާންދޭން ފެށިއެވެ. ޝަބާގެ އެހަރަކާތުން ނާއިލުގެ ތުންފަތަށް ހިނިތުންވުމެއްވެރިވެގެންދިޔައެވެ. އެއްޗެއް ނުބުުނެ ތިބެ ޝަބާ، ނާއިލުއަށް ކާންދީ ނިންމާލުމަށްފަހު ތަށިތައް ދޮވުމަށް ސިންކާ ކައިރިވެލިއެވެ.
“ގެނޭ އަޅުގަނޑު ދޮވެލާނަން” ހިކިކޮށް ހަދާފައި ހުރި ސޮސެޖު ތެލީގައި މަތިޖަހާލަމުން ލީލާ ބުނެލިއެވެ.
“ލީލާ ކުރާކަމެއް ކޮއްލާ، އަހަރެން ދާނީ ނާއިލު ކޭ ތަށިތައް ދޮވެލާފަ، މީ އެވަރު ކަމެއްނޫނެންނު، ލީލާ ކުރަންހުރި މަސައްކަތްވެސް މަދެއްނޫންކަން އަހަންނަށް އެނގޭ” ޝަބާ ހިނިތުންވެލައިގެން ހުރެ ވާހަކަދެއްކިއެވެ. ލީލާއަށް ޝަބާގެ ހިތްހެޔޮކަމުގެ ތެރެއިން ސިފަވަނީ ސަމީރާއެވެ. އޭނާ އެގެއަށް އައިފަހުން ހިތްހެޔޮ ކަމާއިއެކު ވާހަކަ ދައްކާ ހަމައެކަނި މީހަކީ ސަމީރާއެވެ. އެހެންމީހުން އޭނައަށް ގޮވާލާނީވެސް ކަމަކު ބޭނުންވެގެންނެވެ. ލީލާ ޝަބާއަށް ހީނލުމާއިއެކު އޭނާ ކުރަންވެފައި ހުރި މަސައްކަތްތަކަށް އެނބުރުނެވެ.
ހަވީރުގެ ވަގުތެވެ. ސިޓިން ރޫމުގައި ހުރިހާ މެންބަރުންގެ އިތުރުން ހަލީމްވެސް އިނެވެ. ރަށުގެ ތަރައްގީގެ ވާހަކަ ހަލީމް ދައްކަމުންދިޔައިރު އެވާހަކަތަކަށް ސަމާލުކަން ދެމުންދިޔައީ ހަމައެކަނި ނީލެވެ. ނަވާލުގެ ވާހަކަތައް ނުސީދާކޮށް އަމާޒުވެފައިވަނީ ޝަބާއަށެވެ. އެކަމާ ޝަބާ އިނީ އުނދަގޫވެފައެވެ. ނަވާލު ސުވާލު އެކުރަނީ އޭނާގެ މާޒީ އާއި ބެހޭގޮތުންނެވެ. ރާޢިދު އާއި ބެހޭގޮތުންނެވެ. ޝަބާގެ ދުލުން “ރާޢިދު” އެނަންވެސް ގަންނަން އޭނާ ބޭނުމެއްނުވެއެވެ. މިހާރު އޭނާ ބޭނުންވަނީ ރާޢިދުއަކީ އޭނާއަށް ފެނުނު ނުބައި ހުވަފެނެއް ކަމުގައި ހަދާށެވެ. ދެވަނަ ކައިވެންޏަކަށް ޝަބާ ތައްޔާރުނުވަނިސް މިހާރު މިވަނީ އެކައިވެނިވެސް ކުރެވިފައެވެ. ހީކުރިގޮތާ ޚިލާފަށް ނާއިލުވީ މަޑުމައިތިރި ބަސްމަދު މީހަކަށެވެ. އޭނާ ޝަބާގެ މާޒީ ނިއުޅަން މަސައްކަތެއް ނުކުރެއެވެ. ހުދު ޝަބާވެސް ނާއިލުގެ މާޒީއަށް ވަނުމަށް މަސައްކަތް ކުރާކަށް ބޭނުމެއްނުވެއެވެ.
“ނަވާލު…” ނާއިލު ގޮވާލިގޮތުން ހީވީ ޝަބާގެ ހިތުގެ އަޑު އޭނާއަށް އިވުނީހެންނެވެ. އެއަޑަށް ނަވާލު ބަލާލީ ނާއިލުއަށެވެ. އަދި ތުންފިއްތާލީ ނާއިލު އޭނާއަށް ގޮވާލީ ކީއްވެކަން އެނގިގެންނެވެ. ނާއިލުގެ ބޭނުމަކަށްވީ ނަވާލު ޝަބާއަށް ކުރަމުންދިޔަ ސުވާލުތައް ހުއްޓުވާލުމެވެ.
އެންމެންގެ ސަމާލުކަން ދޮރާދިމާލަށް ހުއްޓުނީ ރަޒިއްޔާ ސަލާމް ގޮވާލުމުންނެވެ. ގޮނޑީގައި ކަށްޓެއް އިނދެގެން ތެދުވާ އުސޫލުން ނީލް ތެދުވިގޮތަށް ރަޒިއްޔާ އާއި ދިމާލަށް ދިޔައެވެ. އަދަބުވެރި ކަމާއިއެކު އޭނާ ގޭތެރެއަށް ވެއްދިއެވެ.
“ތީ ނީލޫ ދޯ” ރަޒިއްޔާ ހަނދާންކުރަމުން ނީލްއަށް ހިނިތުންވެލާފައި ބުނެލިއެވެ. އެތާ ދެންތިބި މީހުންގެ ގާތަށް ހިނިއައި ކަމަކު އަޑުވީއްލާ ހީނލާކަށް އެކަކަށްވެސް ނުކެރުނެވެ.
“ދައްތާ، ނީލޫއެއް ނޫން، އަޅުގަނޑަށް ކިޔަނީ ނީލް” ނީލް، އޭނާގެ ނަން ރައްޒިއްޔާއަށް ރަނގަޅުކޮއްދިނެވެ. އަދި ވާހަކަދެއްކުމުގައި ރައްޒިއްޔާގެ އުމުރަށް ބަލާފައި ނީލް ގާތްކޮއްލުމުގެ ގޮތުން “ދައްތަ” މިލަފްޒު ބޭނުން ކުރިއެވެ. ރަޒިއްޔާވެސް ނީލްގެ ފަރާތުން ފެނުނު އަދަބުވެރި ކަމާއި ކުރި ޤަަދަރުގެ ބޮޑުކަމުން ހުރީ ވަރަށް ހިތްހަމަޖެހިލާފައެވެ.
“ދައްތާ، އަޅުގަނޑުމެން ކޮންކަމެއްތޯ ކޮއްދޭންވީ، ފުރަތަމަ ކަމެއްގެ ގޮތުން ކޮންކަމެއްތޯ ކުރަން އޮތީ” ސޯފާގައި ރަޒިއްޔާ އިށީނުމާއިއެކުހެން ނީލް އަހާލިއެވެ.
“މީނީ ދޯ އޭނަ… ނީލް މިތާ އިށީނދެބަލަ، ކުރާކަމެއް ދައްތަ ކުރާނަން، އެހީއަކަށް ބޭނުންވެއްޖެނަމަ ބުނާނަން” ރަޒިއްޔާ ބުނެލިއެވެ. އަދި އަތުގައި އޮތް ކޮތަޅު ހުޅުވާލިއެވެ. މުޅިމާޙައުލު އެއްވަސްވެގެން ދިޔައީ ދިވެހި ބޭސްވަހުންނެވެ. ކޮންމެ މީހެއްގެ މޫނު ކުނިކޮއްލެވުނީ ދުވާވަހުގެ ސަބަބުންނެވެ.
“މީނަގެ ހެދުން ބަދަލު ކުރަން ޖެހޭނެ، ސޯޓެއް ލިއްޔާ އެންމެ ފަސޭހަވާނީ” ރަޒިއްޔާ ބޮލުގެ އިޝާރާތުން ނާއިލު ދައްކާލަމުން ބުނެލިއެވެ. ހަމަ އެއާއިއެކު ނީލް މީކާއަށް އެކަން އަވަސް ކުރުމަށް ބުންޏެވެ. މީކާ ނާއިލުގެ ގޮނޑި ދުއްވާލުމާއިއެކު ޝަބާ އިނީ ހަދަންވީ ގޮތެއް ނޭނގިފައެވެ. ނަމަވެސް ހަމައެވަގުތު ނާއިލު ޝަބާއަށް ގޮވާލައިފިއެވެ. އަވަސް އަވަހަށް ތެދުވެގެން ނާއިލުގެ ގާތަށް ޝަބާ ދިޔައެވެ.
“އައި ނީޑް ޔޫ…” މިހެންބުނި ނާއިލުގެ މޫނުމަތިން ހާސްކަން ޝަބާއަށް ފެނުނެވެ. ކީއްވެކަމެއް ނޭނގެއެވެ. ޝަބާ އަވަސް އަވަހަށް ބޯޖަހާލުމާއިއެކު ނާއިލުގެ ގޮނޑުގައި އޭނާގެ އަތްބާއްވާލައިގެން ހުރެ މީކާ އާއިއެކު އައިސް ކޮޓަރިއަށް ވަނެވެ.
“މިހިރީ ދޮރުކައިރީ” ނާއިލު ލާނެ ސޯޓެއް މީކާ އަލަމާރިން ނެނގުމާއިއެކު ޝަބާ ބުނެލިއެވެ. ނާއިލުވެސް ބޯޖަހާލީ އާއެކޭ ބުނުމަށެވެ. ގިނައިރެއްނުވެ މީކާ ކޮޓަރިން ނުކުމެ ޝަބާ ވަނުމަށް އެދުނެވެ. ނަމަވެސް އޭނާ ކޮޓަރީގެ ބޭރުގައި މަޑުކޮއްލައިގެން ހުރީއެވެ. ޝައުގުވެރި ކަމާއިއެކު މިމަންޒަރު ބަލަން އިނީ ހަމައެކަނި ނަވާލެވެ. އޭނާއަށް ނާއިލު އާއި ޝަބާގެ ގުޅުން ދެނެގަނެވުނު ކަހަލައެވެ.
“ޝަބާ، އާދެބަލަ މިތާ ކައިރިއަށް” ނާއިލު އަދިވެސް އިނީ ހާސްވެފައެވެ. ގައިގާ އޮޅާލެވިފައި އޮތް ފޮތިގަނޑާއިއެކު ނާއިލު އިންތައް ފެނުނުއިރު އޭނާގެ ފައިގެ ކަށިމަތި ޝަބާއަށް ފެނުނެވެ. އާދަޔާއި ހިލާފަށް ފައިގައި އައިބުކަމެއް ހުރިހެން ޝަބާއަށް ހީވިއެވެ. ނަމަވެސް އޭނާގެ ސަމާލުކަން އެކަންތައްތަކަށް ނުދީ ވޭތޯ އޭނާ މަސައްކަތް ކުރިއެވެ.
“ކިހިނެއްވީ؟” ޝަބާ އަވަސް ފިޔަވަޅުގައި އައިސް ނާއިލުގެ ގޮނޑި ކައިރީ އެނދުގައި އިށީނދެ އަހާލިއެވެ.
“އައެމް ސްކެއަރޑް…” ނާއިލު ހިންދިރުވާލަމުން ޝަބާއަށް ބަލަހައްޓައިގެން އިނދެބުނެލިއެވެ. ޝަބާއަށް ނާއިލުގެ ދެދޮލުން އޭނާ ކަންބޮޑުވެފައި އިންވަރު ފެނެއެވެ. އޭނާވެސް ބިރުގަންނަން ފަށައިފިއެވެ. އެކަމަކު ނާއިލުއަށް ހިތްވަރެއްކަމުގައި އޭނާ ވާން ބޭނުންވިއެވެ. އަވަސް އަވަހަށް ދެތުންފަތް ތެތްމާލަމުން ހިނިތުންވެލާފައި ނާއިލުގެ އަތްތިލާގައި ދެއަތުން ހިފާލިއެވެ.
“ކީއްވެ؟ މީ ބިރުގަންނަވަރު ކަމެއް ނޫނެންނު” ޝަބާ ނާއިލުގެ އަތުގައި ފިރުމަމުން ބުނެލިއެވެ.
“ނޭނގެ… ތަދުވާން ފަށާފާނެތީވެސް ބިރުގަނޭ… ދިސް އިސް ޓޫ މަޗް ޕައިން” ނާއިލު ބުނަން ބޭނުންވާ ހުރިހާ އެއްޗެއް ހާމަ ނުކުރެވުނު ކަމުގައިވިޔަސް އޭނާ އެއްކަމެއް ފާހަގަ ކުރިއެވެ.
“އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ، ތަދެއްވެސް ނުވާނެ، އަހަރެން ބުނީމެންނު ނާއިލު ގާތު އެހާ ބޮޑަށް ނުވިސްނާށޭ، ރަޒިއްޔާ އެއީ މޮޅު މީހެއް، ނޫނީ އަހަރެން އަހަންތަ ރަޒިއްޔާ ގާތު މިބޭސް ކުރުމުން ނާއިލުއަށް އެއްވެސް އުނދަގޫތަކެއް ވާނެތޯ” ޝަބާ އޭނާއަށް ކުރެވެން ހުރި ހުރިހާ ކަމެއް ނާއިލުއަށް ކޮއްދޭން ބޭނުންވިއެވެ.
“ޝަބާއަށް ހީވަނީ ކިހިނެއް، ތެދަށް ބުނައްޗޭ…” ނާއިލު އިރުކޮޅަކު ޝަބާއަށް ބަލަން އިނުމަށްފަހު ބުންޏެވެ.
“އަހަރެންގެ ހިތް ބުނަނީ އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ދާނީ ވަރަށް ރަނގަޅަށޭ، މިރަށުން ފުރަން ވާއިރަށް ނާއިލުއަށް މިކުރާ ބޭހުގެ އަސަރު ފެންނާނެއޭ” ޝަބާ ކުރިއަށްވުރެ ބޮޑަށް ހިނިތުންވެލަމުން ނާއިލުގެ އަތްތިލައަށް ފިތާލިއެވެ.
“އޯކޭ، އައި ބިލީވް ޔޫ… އަހަންނަށް ޕްރޮމިސް ކޮއްފާނަންތަ ކަމަކަށް” ނާއިލުގެ ހާސްކަން އަދިވެސް ފިލައިގެން ނުދާކަން ޝަބާއަށް އެނގުނެވެ.
“ހޫމް، ބުނޭ” ޝަބާ ޝައުގުވެރިކަން ދައްކާލިއެވެ.
“އަހަރެންގެ ކައިރިން ދުރަށް ނުދައްޗޭ” ނާއިލު އެހެން ބުނެލިއިރު ހީވަނީ އެހެންގޮތެއް ނެތިގެން ބުނެލި ހެންނެވެ. އެހެންނަމަވެސް ޝަބާ ނާއިލުގެ ރާގު ހުރި ގޮތަކަށް ސަމާލުކަމެއް ނުދެއެވެ. އޭނާގެ އަތުގެ ތެރޭގައި އޮތް ނާއިލުގެ އަތްތިލަ އުފުލާލުމާއިއެކު ޝަބާގެ އަނެއް އަތުގެ ކުޑަވައި އިނގިއްޔާއި ނާއިލުގެ ކުޑަވައި އިނގިލި ގުޅުވާލުމާއިއެކު ވާހަކަދެއްކިއެވެ.
“އަހަރެން ދާނީ ވަކި ކޮންތާކަށް، އަހަރެން އަބަދުވެސް ހުންނާނީ ނާއިލުގެ ގާތުގަ… ޕްރޮމިސް” ޝަބާ މިހެން ބުނެ ދެމީހުންގެ ގުޅުވާލެވިފައިވާ ކުޑަވައި އިނގިލި ނާއިލުއަށް ދައްކާލަމުން ތަޅުވާލިއެވެ. އެހިނދު ނާއިލު ހިނިތުންވެލި ތަން ޝަބާއަށް ފެނުނެވެ. އެހިނިތުންވުން ޝަބާގެ ހިތަށްވެސް ހަމަޖެހުން ގެނެސްދިނެވެ.
“ހިނގާ ދަމާ، މިހާރު ރަޒިއްޔާ އިންނާނީ ލަސްވެފަ ކަންނޭގަ” ޝަބާ ތެދުވަމުން ބުނެލިއެވެ. އަދި ކޮޓަރީން ނާއިލު ގޮވައިގެން ނުކުތެވެ.
“އެންމެ ކުރިން މި ކަފަގަނޑު އަޅާނީ، އޭގެ ފަހުގަ ތެޔޮ ދަމާނީ… އެކަމަކު ތިން ކަފަ ގަނޑަށް ފަހު އެނގޭނީ ދެން ހަދަންވީ ކިހިނެއްކަން، މިރޭ ނިދާކަށް އެހާ ފަސޭހައެއް ނުވާނެ އެނގޭ…” ރަޒިއްޔާ ސަމާސާ ރާގެއްގައި ނާއިލުގެ ކަކުލުގައި މަޑުމަޑުން ޖަހާލަމުން ބުނެލިއެވެ.
“ތަދުވާނެތަ، ނޫނީ ދިލަ ނަގާނެތީތަ ތިހެން ތިބުނީ” ޝަބާ އަހާލިއެވެ.
“ނޫން، އެކަހަލަ އެއްވެސް އުނދަގުލެއް ނުވާނެ، ބުރަކަށީގަވެސް އަހަރެން ކަފަ ގަނޑެއް ހިއްޕާނަން އެހެންވެ މިބުނީ ނިދަން އުނދަގޫވެދާނެއޭ، ދެން އަޅާނީ ދެއަތުގަ އާއި ދެފައިގައި، ކޮބާ ފަށަނީ އެނގޭ” ރަޒިއްޔާ ބުނެލިއެވެ.
ނާއިލުގެ ހަށިގަނޑު ނިވާކޮއްލާފައި އޮތް ބޮޑު ފޮތިގަނޑު ނީލް ނެނގުމާއިއެކު އޭނާގެ ހަށިގަނޑުގެ ބޮޑުބައެއް ފާޅުވެގެން ދިޔައެވެ. ޝަބާއަށް އަވަސް އަވަހަށް އިސްޖަހާލެވުނެވެ. އެކަމަކު އޭނާގެ ހިތުގައި ނާއިލުއަށް ބަލާލުމުގެ ޝައުގުވެރިކަން އުފެދުނީ ކީއްވެކަމެއް ނޭނގެއެވެ. ރަޒިއްޔާ ތެދުވެ ނާއިލުގެ ހަށިގަނޑުގައި އަތްލާ ބަލަންފެށިއެވެ. ނާއިލުގެ ގައިގާ ހިފަހެއްޓުމަށް މީކާ އެހީތެރިވަމުންދިޔައެވެ. ރަޒިއްޔާ ބޭސް ކަފަ ގަނޑު އަޅަން ފެށުމުން ޝަބާއަށްވެސް ނާއިލުއަށް ނުބަލައެއް ނުހުރެވުނެވެ.
ބައިމަތި ފުޅާވިޔަސް ހަށިގަނޑުގައި ކަސްރަތީ އަސަރެއްނެތެވެ. ދެއަތުގެ ހިކަނދި މަސްގަނޑާއި ދިމާލުން އުފުލިލާނެ މަސްކޮޅެއްނެތެވެ. ބޮޑު ހަށިގަނޑެއްގެ ވެރިޔަކާއި ބަލާފަ ނާއިލުގެ ދެފައި ފެންނަނީ ބަލިކަށިކޮށެވެ. އެކަމަކު އޭނާގެ މޫނުމަތިން އެއިން އެއްވެސް ކަމެއް ނުދައްކަށެވެ. ފަހަރެއްގައި ނާއިލު ކުރިން ހުންނަ ގޮތް ޝަބާއަށް ފެނިފައި ނެތީމަ ކަމަށްވެސް ވެދާނެއެވެ. ތަނަވަސް ނިތްކުރި އަކާއިއެކު ކަޅުކަންގަދަ ބޯ އިސްތަށިގަނޑެކެވެ. ވަރުގަދަ ދެބުމަ އާއި ފިރިހެންވަންތަ ކަން އެކުލެވިފައިވި ދެލޮލެވެ. އެދެލޮލަށް ޝަބާއަށް ބަލާލެވުނު ވަގުތު ނާއިލު އާއި ހަތަރު ކަޅި ހަމަވެގެން ދިޔައެވެ. ލަދުވެތިކަން ވެރިވެގެން ދިޔަ ޝަބާގެ މޫނުމަތިން އެކަމަށް ހެކިވީ އޭނާގެ ކޯތާފަތެވެ. ނޭނގޭ ކަމަށް ހަދާފައި އަވަސް އަވަހަށް އަޅައިގެން ހުރި ބުރުގާ ޝަބާ ރަނގަޅު ކޮއްލިއެވެ.
ނާއިލުއަށް ޝަބާގެ ނަޒަރުތައް ހުއްޓެމުން ދާގޮތުން އެތަންފެނި، އެކަމާ މޭނުބައި ކޮށްފައި އިނީ ނަވާލެވެ. އެހެންނަމަވެސް ނާއިލުއަށް ޝަބާ ފެންނަ ހިސާބުގައި ހުރީތީ ލިބުނު ހިތްހަމަޖެހުން އިތުރުވެގެން ދިޔައެވެ. އޭނާގެ ސިކުނޑީގައި ޝަބާގެ އަތުގެ ތެރޭގައި އޭނާގެ އަތްތިލަ ހިފަހައްޓާލައިގެން އިން މަންޒަރު ތަކުރާރު ކުރަމުންދިޔައެވެ. ފިލްމެއްގެ މަންޒަރު ރީޕްލޭ ކުރާފަދައިންނެވެ. އެހިތުގެ ކަނެއްގައި ޝަބާ ކޮއްޓަމުންދާކަން އޭނާއަށް ޔަގީންވެއެވެ. ފަރުވާ ހޯދުމަށް އޭނާ ބޭނުންވަނީވެސް އެހެންވެއެވެ. ޝަބާގެ ހުރިހާ ހަރަކާތަކަށް އޭނާގެ ހިތްލެނބެމުންދަނީ އިޙްތިޔާރަކާއި ނުލައެވެ. އޭނާގެ އެކުވެރިކަމަށްވުރެ ގާތް ގުޅުމަކަށް ނާއިލުގެ ހިތްގޮވާކަން ގައިމެވެ. އެކަމަކު އެގޮވުމަށް އިޖާބަދޭނޭ ހިތްވަރު ހޯދަން އޭނާ އަދި ބޭނުމެއްނުވެއެވެ. ނަމަވެސް އޭނާގެ ލޯ މިހާރު ހޯދާ ހަމައެކަނި ސޫރައަކީ އޭނާގެ އަނބިމީހާއެވެ. އޭނާއަށް ފެންނަ ހިސާބުގައި ހުރި ދޫބޮޑު ހެދުމާއި ބުރުގާގެ ނިވަލުގައި ފޮރިވިގެން ހުރި އަންހެން ކުއްޖާއެވެ. އޭނާގެ ސުލޫކީ މިންގަނޑުތަކަށް ނުފެތުނު ކަމުގައި ވިޔަސް، ނާއިލުގެ ހިތުން އެއަންހެން ކުއްޖާ ޖާގަ ހޯދަމުން އެދަނީ އަޖައިބެއްފަދަ ގޮަތަކަށެވެ.
ރަޒިއްޔާގެ މަސައްކަތް ނިންމާލުމަށްފަހު އޭނަ ފުންނޭވާއެއް ބޭރުކޮއްލާފައި ނާއިލުއަށް ބަލާލިއެވެ. އަދި އޭނާގެ އަތްދޮވެލާނޭ ގޮތެއް ހޯދުމަށް ނީލްއަށް ސުވާލުކޮއްލިއެވެ. ލީލާ، ރަޒިއްޔާ ބަދިގެ ފަރާތުގައި ހުރި ސިންކުގެ ކައިރިއަށް ގެންދިޔައެވެ.
“މިއަދަށް މި ނިމުނީ، ކަފަގަނޑު ހިކެމުން އަންނަ ވަރަކަށް ކުޑަކޮށް ހަންގަޑަށް ވާންވާ ގޮތް ވާނެ، ކަހަންވެސް ކަހާނެ، އެކަމަކު ކަފަ ގަނޑު ނައްޓާލައިގެން ނުވާނެ… ދިވެހި ބޭސް ކުރެވޭނީ ވަރަށް ކެތްތެރިވެގެން، ދައްތަ އަންނާނަން ދެދުވަސް ފަހުން، މި ކަފަ ގަނޑު ނައްޓާލާނީ ތިންވަނައަށް އޮންނަ ދުވަހު، ދެވަނަ ކަފަގަނޑު އަޅާނީ ތިންވަނަ ދުވަހު މެންދުރު މިކަފަގަނޑު ނަގާ ގޮތަށް، އެދުވަހު އަންނާނަން ތަންކޮޅެއް ކުރިން، ދެން ފެންނުޖައްސާތި އެނގޭ މިތަންތަނުގަ، ގޮނޑީގަ އިނުމަށްވުރެ ދައްތައަށް ރަނގަޅީ ގިނައިރު އޮށޯވެގެން އޮތިއްޔާ، ހަރަކާތް ކުރަން މަސައްކަތް ކުރާނީ އަދި ތަންކޮޅެއް ފަހުން، އޭރުން އެނދަކު ނުބާއްވާނަން އެނގޭ” ރަޒިއްޔާ އަތް ދޮވެލައިގެން އައިސް ސޯފާގައި އިށިންނަމުން ވާހަކަދައްކަން ފެށިއެވެ. އޭނާ ނާއިލު އާއި ގޭގެ އެހެން މީހުންނަށް އެނގޭނޭހެން އޮޅުންފިލުވާދެމުންދިޔައެވެ.
“ދައްތަ ސައިބޮއިގެން ދާންވީނު” ރަޒިއްޔާ ދާން އުޅޭހެން ހީވުމުން ނީލް އަވަހަށް އެދުނެވެ.
“ނޫނޭ، މަޤްރިބު ނަމާދަށް ގޮވުމުގެ ކުރިން ގޭދޮށަށް ދާންބޭނުން، މިހެން އަންނައިރު އަދި ތިކުދިން ކާތަނުން އެއްޗެއް ކާލެވިދާނެ އެންނު، އެކަމަކު މިއަދަކު ނޫން” ރަޒިއްޔާ ކާއެއްޗެއް ކެއުމަށް އުޒުރުވެރިވިއެވެ.
“ހަލީމް އާއިއެކު ސައިކަލުގަ ދައްތަ ދާންވީނު” ނީލް ބުނެލިއެވެ.
“ތިއެއްޗަކަށް ދައްތައެއް ނާރާނަން، ތިޔައީ ޅަކުދިން އަރާ އެއްޗެއް… ހިނގާލާފަ ދިޔައްޔާ މާއަވަހަށް ދެވޭނެ، ދެން ދަނީ” ރަޒިއްޔާ ތެދުވެ އެގެއިން ނުކުންނަން ހިނގައިގަތެވެ. ނީލް އޭނާ އާއިއެކު ގޮސް ގޭޓުން ނުކުންނަންމުން ބޭހުގެ އަގުގެ ގޮތުގައި ރަޒިއްޔާ ނަގާނެ ވަރެއްގެ ވާހަކަދެއްކިއެވެ. އެކަމާ ވާހަކަދައްކަންވެސް ރަޒިއްޔާ އުޒުރުވެރިވިއެވެ. އަދި އެކަން ފަހަށް ލަސްކޮއްލާފައި އޭނާ އަވަސްވެ ގަތީ ގެއާއި ދިމާލަށް ދާށެވެ.
ގައިގާ އެއްޗެހިތަކެއް ހިއްޕާފައި ހުރުމުން ނާއިލުއަށް ވަރަށް އުނދަގޫވިއެވެ. އަދި ގަޔަށް އެއްޗެއް ނުލާ އިންނަން ވުމުން އެކަންވެސް ފަސޭހަކަމަށްނުވިއެވެ. މީކާ ނާއިލުގެ ގޮނޑި ސޯފާ އާއި ކައިރިކޮއްލުމުން ޝަބާ އައިސް ނާއިލުގެ ގާތުގައި ކަހަލަ ގޮތަކަށް އިށީނެވެ.
“ތަދުވިތަ” ޝަބާ ހިނިތުންވެލާފައި މަޑުމަޑުން އަހާލީ ސަމާސާ ކުރާ ފަދަ ގޮތަކަށެވެ.
“ތަދުނުވިޔަސް މިހާރު މާ އުނދަގޫވޭ” ނާއިލު ޝަކުވާކޮއްލިއެވެ.
“ރަޒިއްޔާ ބުންޏެއްނު ދިވެހި ބޭސް ކުރެވޭނީ ވަރަށް ކެތްތެރިވެގެންނޭ” ޝަބާ ހަނދާންކޮއްލަ ދިންކަހަލައެވެ. އެއާއިއެކު ދެމީހުންވެސް ހީނލީއެވެ.
“މިރޭ އެހެންވީމަ އަހަންނަށް ނުވެސް ނިދޭނެތާ” ހިނިތުންވެލައިގެން އިރުކޮޅަކު އިނުމަށްފަހު ނާއިލު ބުނެލިއެވެ.
“އަހަރެން ނާއިލް…” ކުއްލިއަކަށް އެދެމީހުންގެ ގާތުގައި އައިސް ކުޑަކަކޫ ޖަހާލި ނަވާލުގެ ސަބަބުން ޝަބާ ބުނަން އުޅުނު އެއްޗަކަށް ހުއްޓުން އެރިއެވެ.
“ބީބީ މިހާރު ހީވަނީ މަމީއެއް ހެން، ނޫންތަ ޝަބާ” ނަވާލު ހިނިއައިސްފައި އިނދެ ވާހަކަދެއްކިއެވެ. އެކި ވާހަކަތަށް ދައްކަމުން ދިޔަ ނަވާލު، ވާހަކައިގެ ތެރެއިން ޝަބާގެ ފައިގައި އަތްއަޅުވާލުމުން ޝަބާ ދިޔައީ ސިހިގެންނެވެ. ވަގުތުން ނަވާލުގެ އަތް ފައިމަތިން ފޮޅާލި ގޮތް ނާއިލުއަށްވެސް ފެނުނެވެ. ޝަބާ ހިތްހަމަ ނުޖެހުނުކަން ނާއިލު އާއި ނަވާލަށްވެސް އެވަގުތު އެނގިގެންދިޔައެވެ. ޝަބާއަށް ވީގޮތުން އެތަނުގައި އިންނަން އުނދަގޫވެ އަވަސް އަވަހަށް ތެދުވެގެން ދިޔައީ ބަހަނާއެއްކަމުގައި ލީލާ ދައްކާފައެވެ.
“ނަވާ، ޝަބާ އަކީ އަހަރުމެން ދަންނަ ގިނަ އަންހެން ކުދިންނާ މުޅިން ތަފާތު މިޒާޖެއްގެ އަންހެން ކުއްޖެއްކަން އެނގެއެއްނު، އޭނާ އެހާ ހިތްހަމައެއް ނުޖެހޭނެ އޭނާގެ ގައިގާ މީހުން އެފަދަ ގޮތަކަށް ޖެހުނީމަ، އަހަންނަށް އެނގޭ ޝަބާއަކީ ރަނގަޅު ރަޙުމަތްތެރިއެއްކަން، ނަވާ ޝަބާ އެކްސެޕްޓް ކުރީމަ އަހަރެން ވަރަށް އުފާވި، އެކަމަކު އޭނަގެ ޕްރައިވެސީއަށް ބަލަން ޖެހޭނެ، ޔޫ ނޯ ވަޓް އައި މީން” ނާއިލު، ލީލާ އާއި ވާހަކަ ދައްކަން ހުރި ޝަބާއަށް ބަލަން އިނދެ ބުނެލިއެވެ. އޭރު ނަވާލުގެ ނަޒަރުވެސް ވަނީ ޝަބާއަށް ހުއްޓިފައެވެ.
“އައި ނޯ ބީބީ، ޝީޒް ސްޕެޝަލް ސަމް ހައު…” ޚިޔާލީ ނަޒަރަކުން ބަލަން އިން ނަވާލު ބުނެލިއެވެ.
“މޯނާ ގޮވައިގެން މިދަތުރު އައިނަމަ، އޭރުން އޭނައަށްވެސް ޝަބާ އާއި ފްރެންޑްވާން ޗާންސް ލިބޭނެ” ނާއިލުގެ ހިތަށް އެރި އެއްޗެއް ނަވާލުއަށް ހާމަކޮއްލިއެވެ. ނާއިލަށް، ޝަބާ އާއި އޭނާގެ ޢާއިލާ އާއި އޮންނަ ގުޅުން ބަދަހިވުމަށް ހިތާ ހިތުން އެދެވުނީތީ އެހެން ބުނެލީއެވެ.
“މޯނާގެ އަމިއްލަ ކަންތައްތަކުން ވަގުތެއް ވެގެންނު އެހެން ކަމަކާއިގެން އުޅެވޭނީ” މޯނާގެ އަޑުއިވިފައި ނަވާލުގެ ކޯތާފަތަށް ހޫނު އެތިފަހަރެއް އެރިކަހަލަގެ އިޙްސާސަކާއިއެކު ނާއިލު ބުނި އެއްޗަކަށް ޖަވާބު ދިނެވެ.
“ބީބީ… ޝަބާ ވަރަށް ރަނގަޅު ދޯ، އޭނަ އުޅެނީ ވަރަށް ހައުސްވައިފްއެއް ހެން، އެކަމަކު އޭތި ސަޅި އޭ” ނަވާލުގެ ޚިޔާލުން މޯނާ ބޭރު ކޮއްލަން އޭނާ މަސައްކަތް ކުރިއެވެ. އަދި ނާއިލު އާއި ޝަބާގެ ގުޅުމާ ބެހޭ ގޮތުން އިތުރަށް އޮޅުން ފިލުވަން އޭނާ ބޭނުންވިއެވެ.
“ހޫމް، ވަރަށް ރަނގަޅު… ހިތަށް އަރާ މިހާރު މިއުޅޭ އަންހެން ކުދިންނަށް އެފަދަ ރީތި އުޅުމެއް ދަސްވެފައެއް ނުހުންނާނެއޭ، ހަމަ ގައިމުވެސް އަހަރެން މީގެ ކުރިން ނުދެކެން އެފަދަ އަންހެން ކުއްޖެއް، ޝީޒް ސޯ ޑިޕަރެންޓް، ބަޓް، އިން އަ ގުޑް ވޭ” ޝަބާގެ ހަރަކާތްތަކަށް އޭރުވެސް ބަލަމުން ދިޔަ ނާއިލު ބުނެލިއެވެ.
“އައި ޓޯޓަލީ އެގްރީ” ނަވާލު، ނާއިލުގެ ގޮނޑީގެ އަތްގަނޑުގައި އަތްއަޅުވާލަމުން ކުރިއަށްވުރެވެސް ފަރުވާތެރި ގޮތަކަށް ޝަބާއަށް ބަލާލިއެވެ. އެހިނދު އޭނާގެ ޚިޔާލުގެ ތެރެއިން އެދެލޮލަށް ސިފަވީ މުޅިން ތަފާތު ޝަބާއެކެވެ. ފަންފަން އިސްތަށިގަނޑު ވަޔާއިއެކު ވިހުރުވެމުންދާއިރު ލާފައިހުރީ މަޑުމަޑު ފިޔާތޮށި ކުލައިގެ ދިގު ލޭސް ނައިޓީއެވެ. ނަވާލުގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވުމާއިއެކު ތިރީ ތުންފަތް ތެތްމާލުމާއިއެކު ދަތްއަޅާލެވުނެވެ. އޭނާގެ ހަށިގަނޑުގައި މުޅިން އާވިންދެއް ޖަހާލައިފިއެވެ. ތަފާތު އެދުންވެރިކަމެއް ހަށިގަނޑުގައި ހިނގައިގަތް ވަގުތު، ލޯމަތިން ފެންނަމުންދިޔަ ޚިޔާލީ މަންޒަރުތައް ވިއްސިވިހާލި ކޮއްލީ ނާއިލުގެ އަޑުންނެވެ.
“ނަވާ، މަންމައަށް ގުޅާލިންތަ؟ ތުއްތޮން ބުނި މަންމަ ފުރަން އުޅޭ ވާހަކައެއް، އެކަހަލަ އެއްވެސް ވާހަކައެއް އަޑުއެހިންތަ” ނާއިލުގެ މަޢުލޫ މުޅިން ބަދަލުކޮއްލިއެވެ. އޭނާއަށް ނަވާލުގެ ނަޒަރު ޝަބާއަށް ހުއްޓިފައިވާތަން ފެނުމުން ކުޑަކޮށް އުނދަގޫވީއެވެ.
“ނޫން، ނޭނގޭ، ތުއްތޮން ގާތު އަހާލަންވީނު، އަހަރެންވެސް މިކޮޅަށް އައިފަހުން އަދި މަންމައަށް ގުޅާ ނުލެވިގެން މިއުޅެނީ” ނަވާލު ޝަބާ ތެދުވެގެން ދިޔަ ގޮނޑީގައި އިށީނދެ ބުނެލިއެވެ.
ރޭގަނޑުގެ ކެއުމުގައި ހުރިހާ އެންމެން ބައިވެރިވީ އަށެއްގެ ޚަބަރު ބަލާ ނިމިގެންނެވެ. ކާމޭޒު ދޮށުގައި އެކިއެކި ވާހަކަތަށް ދެކެވެމުންދިޔައިރު ޝަބާވެސް އިނީ ހަމަޖެހިފައެވެ. ނަވާލުގެ ޢަމަލުތަކާއިމެދު އޭނާ ކަންބޮޑެއް ނުވެއެވެ. ނޫނީ އޭނާއަށް އަދި ފާހަގަ ނުކުރެވެނީއެވެ. ނާއިލުގެ ޢާއިލާއަކީ ތަފާތު މާޙައުލެއްގައި ތަރުބިއްޔަތު ވެފައިވާ ބައެއްކަން ޝަބާއަށް އެނގޭތީކަމަށްވެސް ވެދާނެއެވެ. އެހެންވެ ކުދި ކުދި ކަންތައްތައް ބޮޑު ކަމަކަށް ހަދާލަން ބޭނުންނުވަނީ ކަމަށްވެސް ވެދާނެއެވެ.
“ތުއްތޮން، މަންމަ އާއި ބައްޕަގެ ހާލަކީ ކޮބާ؟ އިއްޔެގަ ފުރާވާހަކަ ދައްކާފަ ދެން އިތުރު އެއްޗެއް ނުބުނުއްވަމެންނު” ނާއިލު އަހާލިއެވެ.
“ބައްޕަ މިހާރު ރަނގަޅު ކުޑަކޮށް، އެކަމަކު ބައްޕަ އެދިލެއްވީ ހަފްތާއަކަށް މެޑިކަލް ޗެކަޕެއް ހައްދާލަން ރާއްޖޭން ބޭރަށް ދުރުވަން، އޭގެ ފަހުގަ މިކޮޅަށް ދުރުވާނީ، ނާއިލުގެ ބޭސް ހުއްޓާލާފަ މާލެ ގޮސްފާނެތީވެ އެކަމާ ބައްޕަ ހުންނެވީ ވަރަށް ކަންބޮޑުވެލައްވާފަ، އިތުރަށް އެވާހަކަ ނުދެއްކުނީވެސް އެހެންވެ” ނީލް ކާން އިން ތަށީގެ ތެރޭގައި އޮތް އުލާ ސަމްސަލުން މަސްކޮޅުތަށް ފުނޑުވަމުން ވާހަކަދެއްކިއެވެ.
“ކަމެއް ސީރިއަސްވީތަ” ނާއިލުއަށް އަވަހަށް އަހާލެވުނެވެ.
“ނޫން، މިފަހަރު ދެން މާބޮޑަށް ބަލިވީމަ އެކޮޅަށް ދައްކާލަން ދާން ނިންމީ، ސީރިއަސް ކަމެއްނެތް، މަންމަ އާއި ބައްޕަވެސް އެދިލެއްވީ ނާއިލުގެ ބޭސް މެދުކަނޑާ ނުލާ ކުރިއަށް ގެންދެވުމަށް، ކައިނިމިގެން އެކޮޅަށް ގުޅާލާނީ ދޯ، އެގޮތް އެންމެ ރަނގަޅެންނު، ހުރިހާ ކުދިންނަށްވެސް މަންމަ ވަރަށް ސަލާމް ބުނޭ… ލީލާގެ ވާހަކަވެސް އެހި” ނީލް މޭޒުގެ އެއްފަރާތުގައި ހުއްޓިލައިގެން ހުރި ލީލާއަށް ބަލާލަމުން ބުނެލިއެވެ.
ރަޒިއްޔާ އޭނާ ބޭނުންވާ ގޮތަށް ބޭހުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަމުންދިޔައެވެ. ނާއިލުގެ ގައިގާ ފުރަތަމަ ބުރަށް އެޅި ބޭސްގަނޑު ނަގާ ދެވަނަ ބުރަށް ބޭސްގަނޑު އެޅިއެވެ. އޭރުވެސް ނާއިލުގެ ހަށިގަނޑަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ހުރިހާ ކަމެއްގައި އޭނާއަށް އެހީތެރިވަމުން ދިޔައީ އާދައިގެ މަތިން މީކާ އާއި ޝަބާއެވެ.
ޝަބާ އާއި ނާއިލު އެކުގައި ވަގުތު ހޭދަކޮއްލަން ބޭނުންވިޔަސް އެދެމެދަށް ނަވާލު ފާނުވާ ވަގުތެއް ނުދެއެވެ. ނަވާލު އަބަދުހެން ހުންނަނީ މަސްތުވެފައި ހުންނަ މީހަކު ފަދައިންނެވެ. ޝަބާ ފެނުމުން އޭނާގެ ތުންފަތަށް އެވެރިވެގެން ދާ ހިނިތުންވުމުން ސިފަކޮއްދެނީ އޭނާގެ ހިތުގެ ކިލަނބުކަމެވެ. ޚިޔާލީ ދުނިޔެއަކަށް އޭނާ ގެއްލިފަ ހުންނަ ވަގުތު ގިނައެވެ. އޭނާގެ އަންބަކު ހުރިކަމެއް ނަވާލު މިހާރު ހަނދާނެއް ނެތެވެ. މޯނާއަށް ނަވާލުގެ ޚަބަރެއް ނުވާތާ ހަތަރު ދުވަސް ވެގެން ދިއުމުން ގުޅީ، ނަވާލު ހުރީ އޭނާ ގުޅަންދެން ކަމަށް ހީކޮށްގެންނެވެ. ނަމަވެސް ކަންވީ އެހެނެއް ނޫނެވެ. މޯނާގެ ފޯނު ކޯލުގެ އިންތިޒާރުގައި ހުރި ނަވާލު، އޭނާ ގުޅުމުން ފޯނެއް ނުނެގިއެވެ. އެގޮތަށް އެތަށް ފަހަރެއްގެ މަތިން، ހަފްތާއެއް ވޭތުވަންދެން މޯނާ ނަވާލުގެ ފޯނަށް ގުޅިއެވެ. ފަހުން ފަހުން އައިސް ނަވާލު ކުރާ ކަމަކީ ފޯނު ކަނޑާލަނީއެވެ. ނޫނީ އެތަށް އިރެއް ވަންދެން ފޯނު ނިތްވާލާފައި ބާއްވަނީއެވެ. އެއްގޮތަކަށްވެސް މޯނާ އާއި އެއްވެސް ގުޅުމެއް ބާއްވަން އޭނާ ބޭނުން ނުވާ ކަހަލައެވެ.
ނާއިލުއަށް ނަވާލުގެ ސަބަބުން އޭނާ ބޭނުންވާ އެތަށް ފުރުޞަތުތަކެއް ގެއްލެމުންދާތަން ފެނުމުން ކޮންމެވެސް ވަރަކަށް މާޔޫސްވެފައިވެއެވެ. އޭނާއަށް ނުވިސްނިގެން އުޅެނީ ނަވާލު އޭނާ އާއި ޝަބާ ކައިރިވާން މަސައްކަތް ކުރާ ކޮންމެ ފަހަރަކު އެމީހުންގެ ގާތަށް އަންނަން ޖެހޭ ސަބަބެވެ. ނަވާލަކީ ނުވިސްނޭ ކުޑަކުއްޖެއް ނޫނެވެ. އޭނާއަށް ޝަބާއަކީ ނާއިލުގެ އަނބިމީހާކަން އެނގޭނެއެވެ. ނޫނީ ނަވާލުގެ އެފަދަ ޢަމަލު ތަކަކީ ގަސްދުގައި ކުރާ ކަންކަން ބާއޭ ނާއިލުގެ ހިތަށް އެރީ ކީއްވެކަމެއް ނޭނގެއެވެ. އަވަސް އަވަހަށް ހިތަށް އަރަންފެށި ޚިޔާލުތައް ބޭރުކޮއްލަން އޭނާ ބޭނުންވިއެވެ. ނަމަވެސް އެކަމެއް އޭނާއަކަށް ނުވިއެވެ. ޒަމީރު ދެއްކީ މުޅިން އެހެން ވާހަކައެކެވެ. ބާރުދިނީ މުޅިން އެހެން ކަމަކަށެވެ. ޝައްކު ކުރަންވީ އެއްބަނޑު އެއްބަފާ ކޮއްކޮއަށް ހެއްޔެވެ. އެފަދަ ނުބައި ޚިޔާލެއް އޭނާގެ ހިތަށް ވަނީތީ ނާއިލު ބިރުގަތެވެ.
“ޝަބާ، ނިދީތަ” އެނދުގައި ނުނިދިފައި އޮތް ނާއިލު ގޮވާލިއެވެ.
“އުހޫން” ޝަބާ ގެ އަޑު އިވުނެވެ. އެހެންނަމަވެސް އޭނާ އޮތީ އާދައިގެ މަތިން ނާއިލުއަށް ފުރަގަސް ދީގެންނެވެ.
“މިކޮޅަށް އެނބުރިލަ ބަލަ، މިއުޅެނީ ނުނިދިގެން… ބުރަކަށި ވަރަށް ކަހާ، މިހެން އޮންނަންވީމަ އެހާ އުނދަގޫ، އަހަންނާ ވާހަކަ ދައްކާލަން އޮވެދާނަންތަ” ނާއިލު ބުނެލިއެވެ. އެއާއިއެކު ހޫން ލައްވާލި ޝަބާ މަޑުމަޑުން ނާއިލުއަށް ކުރިމަތި ވާގޮތަށް އެނބުރިލިއެވެ.
އިރުކޮޅަކަށް ހަމަހިމޭންވެގެން ދިއުމާއިއެކު އިވެމުންދިޔައީ ވެހެމުންދިޔަ ބޯވާރޭގެ އަޑެވެ. އަނދިރީގެ ތެރެއަށް ލޯހޭނިފައި އޮތް ނާއިލު ބަލަމުން ދިޔައީ ޝަބާގެ މޫނަށެވެ. އަޅައިގެން އޮތް ކަޅު ބުރުގާގެ ތެރެއިންވެސް އެމޫނު ސާފުކޮށް ފެނެއެވެ. އާމުކޮށް ފެންނަ ވަރަށް ވުރެ ބޮޑަށެވެ.
“ވަރަށް ނިދި އައިސްފަތަ ތިއޮތީ” ނާއިލު މަޑުމަޑުން އަހާލިއެވެ. ޝަބާ އާއި ކުރިމަތިލައިގެން އޮވެވުމުން އޭނާގެ އަޑުވެސް ބަދަލުވެގެން ދިޔައެވެ.
“އެހާ ބޮޑަަކަށް ނޫން، ނާއިލު ނިދަންދެން އޮވެދާނަން” ޝަބާ ބުނެލިއެވެ.
“ޝަބާ އަހަރެންގެ ހަޔާތާ ބެހޭ ގޮތުން އޮޅުން ފިލުވަން ބޭނުންވަނީ ކޮންކަމެއް؟” ނާއިލު ކުއްލިއަކަށް އެބުނި އެއްޗަކުން ޝަބާ ވަރަށް ހައިރާންވިއެވެ. ނާއިލު މިރޭ އެއުޅެނީ އޭނާގެ ހަޔާތުގެ ވާހަކަ ޝަބާއަށް އޮޅުން ފިލުވާދޭން ބާއޭ އޭނާގެ ހިތަށް އަރަމުންދިޔައެވެ.
“ނާއިލުގެ ހަޔާތުން އަހަންނާ ޙިއްޞާ ކުރަން ބޭނުން ކޮންމެ ވާހަކައެއްވެސް އަހަރެން އަޑުއަހާނީ ވަރަށް ޝައުގުވެރި ކަމާއިއެކު، އެކަމަކު އެކަންކަން ކިޔާދޭންވާނީ ނާއިލު ބޭނުންވެގެން، އެއީ މާޒީ… މާޒީގައި ހިނގާފައިވާ ކަންތައްތައް އިތުރު މީހަކަށް ކިޔާދިނުން މުހިންމެއް ނޫން، ނާއިލު ބޭނުންނަމަ ނުކިޔާދިނަސް އަހަރެންގެ އެއްވެސް މައްސަލައެއް ނެތް” ޝަބާ ބުނެލިއެވެ.
“އަހަރެން ބޭނުން ޝަބާއަށް އެނގެން” ނާއިލު ބުނެލިއެވެ.
“ކޮންކަމެއް” ޝަބާ ސުވާލުކޮއްލިއެވެ.
“އަހަރެން ޝަބާ އާއި މެރީ ކުރީ ބޭނުންވެގެން ނޫންކަން އެނގެއެންނު، އަހަރެން ބުނަން މިއުޅެނީ، އަހަރެން ވަރަށް ލޯބިވާ ކުއްޖަކު ހުރެޔޭ، އަހަންނާ އޭނަ އާއި ދެމެދަށް އެޅުނު ހުރަހަކީ އަހަރެންގެ ނުކެޅެދުންތެރިކަން، އަހަންނަށް އޭނައަށް ދެވޭނީ ކޮންއުފަލެއް، އެންމެ ކުޑަމިނުން އަތުގަވެސް ހިފާނުލެވޭނެ… އަހަރެން އެ އަންހެން ކުއްޖާދެކެ ވަރަށް ލޯބިވަން” ނާއިލު ޝަބާގެ މޫނަށް ބަލަން އޮވެ ސިއްރުތަކެއް ހާމަ ކުރަމުންދިޔައެވެ. ޝަބާ އެއްޗެއް ނުބުނެ ނާއިލުއަށް ބަލަން އޮތީއެވެ. އޭނާ ވަކި ބުނާނީވެސް ކީކޭކަން ނޭނގުނީއެވެ. ނާއިލުގެ ހިތުގައި އެހެން އަންހެން ކުއްޖަކަށް ޖާގަ ދެވިފައި ވުމުން އޭނާގެ ހިތަށް ގޮތެއް ވިކަން ޔަގީނެވެ. އެހެންނަމަވެސް އެއިޙްސާސް ބަޔާންކުރާކަށް އޭނާގެ ހިތާ ސިކުނޑި ކުޅަދާނައެއްނުވިއެވެ.
“ޝަބާ ގާތު ބުނަން ކުރިންވެސް ހިތަށް އެރި، ހިތަކަށް ނާރާ މިހާ ދުވަހުވެސް ދެމީހުން އެކުގައި އުޅެވިދާނެ ކަމަކަށް” ނާއިލު ބުންޏެވެ.
“އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ، ނާޢިލު މަސައްކަތް ކުރޭ ހަރަކާތް ކުރެވޭތޯ، ރަޒިއްޔާ ބޭސްކޮށް އެއްކޮށް ނިމޭއިރު ކުރީގަ ނާއިލު އުޅުނު ގޮތަށް އުޅެވޭނެ، އެއްވެސް ކަމަކާ ހާސްނުވޭ” ޝަބާ ހަމަޖެހިލައިގެން އޮވެ ބުނެލިއެވެ.
“ނާއިލު އަހަރެންދެކެ ލޯބިވާކަށް ނުޖެހޭނެ، އަހަރެންވެސް ނާއިލު ދެކެ…، ހޫން، ދެން ނޭނގެ، ކުރިންވެސް އެނގެއެންނު މިދުވަސް އައިސްދާނެކަން، ނާއިލު އާއިއެކު މިހާ ދުވަހު އުޅެވުނީތީވެސް ރަނގަޅު ތާ… އޭނައަށް ފެންނަ ގޮތަކަށް ކަންތައް ކުރަން ދޫކޮއްލާނީ..” ޝަބާގެ ސިކުނޑީގައި ހިމޭން އަޑެއް ފެތުރެމުންދިޔައެވެ. އެހެންނަމަވެސް އޭނާގެ މޫނުމަތިންނާއި ދުލުން ހާމަ ކުރާ ބަސްތަކުގައި ވަނީ މުޅިން ތަފާތު މާނައެކެވެ. މީހާ އޮތީ ވަރަށް ހަމަޖެހިލައިގެންނެވެ.
“ޝަބާ އަހަރެން ދެކެ ލޯތްބެއް ނުވާނެ، ނޫނީ އޭނާ އެބުނަނީ އަހަރެން ރަނގަޅުވެއްޖެއްޔާ ލޯބިވެދާނެ ވާހަކަތަ… ނޫން، ނޫން… އަހަރެން ރަނގަޅުވެއްޖެއްޔާ އަހަންނަށް މަނާރުވެސް ލިބިދާނެ، އަހަރެން މަނާރާއިއެކު ކިހާ ހުވަފެންތަކެއް ދުށިން، ހީ ސަމާސާ ކުރުމުގައި އެތަކެއް ވަގުތުތަކެއް ހޭދަވެގެންދިޔަ، އަދިވެސް މަނާރުގެ ހަނދާންތައް ފޮހެވުމެނެތް ގޮތުގައި އާލާވެ އާލާވެ ހުރޭ، އެކަމަކު ޝަބާ…” ޝަބާއަށް ބަލަން އޮތް ނާއިލުގެ ސިކުނޑީގައިވަނީ މިހެންނެވެ.
“އަހަރެން ރަނގަޅުވެއްޖެއްޔާ ޝަބާ ހަދާނީ ކިހިނެއް، އަހަރެން ދޫކޮއްލާފަ ދާނީތަ” ނާއިލު ސުވާލުކޮއްލިއެވެ.
“އަހަރެން މީ އަންހެނެއް، އަހަރެންގެ އަތުގައެއް ނޫން ދޫކޮއްލުމުގެ ބާރު އެޮތީ، އަހަރެން ދޫކޮއްލާނީވެސް ނާއިލު” ޝަބާ ވިސްނާލާފައި ބުނެލިއެވެ. ނާއިލުގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ ޝަބާ ދިން ޖަވާބުގެ ސަބަބުންނެވެ. އެބުނީ ތެދެކެވެ. ނަމަވެސް ނާއިލު އެނގެން ބޭނުންވީ އެކަމެއް ނޫނެވެ.
ކުއްލިއަކަށް ޝަބާގެ ފޯނު ރިންގުވާއަޑުއިވެންފެށިއެވެ. ޝަބާގެ ބާލީސް ދަށުގައި އޮތް ފޯނު އޭނާ އަވަސް އަވަހަށް ނަގާ ބަލާލިއެވެ. އޭނާއަށް ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. ޝަބާއަށް އަވަސް އަވަހަށް ގަޑިއަށް ބަލާލެވުނެވެ. މެންދަމުން އަލިވެ ތިނެއްޖެހީއެވެ. އެހާ ވަރަކުން ޝަބާއަށް ގަޑިބަލާލެވުނީ، އެމީހަކު އެނަންބަރު ގުޅާތާ މިރެއަށް މީ ތިންވަނަ ރެއެވެ. ހައްތަހާވެސް ނުދަންނަ ނަންބަރަކަށްވެފަ ދަންވަރުގެ އެފަދަ ގަޑިއެއްގައި އޭނާއަށް ގުޅާނެ މީހަކު ނުހުންނާނެތީވެ ފޯނަށް ޖަވާބުދޭން ބޭނުންނުވަނީއެވެ.
“ކާކު މިގަޑީގަ ގުޅަނީ؟ ޝަބާގެ އެކްސްތަ” ނާއިލު މިހެން ބުނެލީ މާބޮޑު ވިސްނުމަކާއި ނުލައެވެ. އެހެންނަމަވެސް ޝަބާގެ ސިކުނޑިއަށް ކުއްލިއަކަށް އެވަނީ މުޅިން އެހެން ޚިޔާލެކެވެ. އޭނާގެ ހިތް ބާރަށް ތެޅިގަތެވެ.
“ރާޢިދުތަ… އަނެއްކާ ރާޢިދުތަ އެގުޅަނީ… ނާއިލު އެއޮތީ ހޭލާ… މިގަޑީގަ ނަގަންވީތަ… ނޫނީ އެއީ ހަމަ ރާޢިދުއަށް ވަެދާނެބާ…” ޝަބާގެ ހިތަށްއެރިއެވެ.
“ކީއްވެފަ ތިއޮންނަނީ، ކާކުތަ އެގުޅަނީ” ފޯނަށް ބަލަހައްޓައިގެން ހުއްޓުން އަރާފައި ޝަބާ އޮންނަން ފެށުމުން ނާއިލު ބުންޏެވެ.
“އެއީ މުހިންމު ކޯލެއް ނޫން” ޝަބާ މިހެން ބުނެލީ އޭނާގެ ފޯނަށް ގުޅާ މީހަކީ ކާކުތޯ ބެލުމުގެ ޝައުގުވެރިކަން ނެތިގެނެއް ނޫނެވެ. ނަމަވެސް ނާއިލުގެ ސުވާލު ތަކާއި ކުރިމަތި ލާން ބޭނުންނުވެ އޮވެއެވެ. ކުރުއަތް މައްޗަށް އޮވެ އަވަސް އަވަހަށް ފޯނު ނިއްވާލާފައި ބާލީސް ދަށަށް ކޮއްޕާލަމުން ޝަބާ ކުރިން އޮތް ގޮތަށް ހަމަޖެހިލައިގެން ނާއިލު އަށް ކުރިމަތިވާގޮތަށް އޮށޯވެއްޖެއެވެ.
“ޝަބާ އެކޯލަށް ޖަވާބު ނުދިނީ އަހަރެން އޮތީމަތަ” ނާއިލު އޭނާއަށް ހީވި އެއްޗެއް ދުލުން ބޭރުކޮއްލީ އެއްވެސް ޖެހިލުމެއްނެތިއެވެ.
“މުހިންމު ކޯލެއް ނޫނޭ ބުނީމެންނު، އެހެންވެ ފޯނު ނުނެގީ” ޝަބާ ދޮގު ހަދާލިއެވެ. ޝަބާ ކުޑަކުޑަ ދޮގެއް ހަދަން ޖެހުމުންވެސް އޮތީ އެކަމާ ހާސްވެ ކަންބޮޑުވެފައެވެ. މައްސަލައަކަށްވީ އެދެމެދުގައި ރަޙުމަތްތެރިކަން އުފެދުނު ފަހުން ޝަބާ، ނާއިލުއަށް އޮޅުވާލި ފުރަތަމަ ކަމަށް އެކަން ވީމައެވެ. ހިތުގައިވާ އެއްޗެއް ފޮރުވާލުމަށްފަހު ދުލުން އެހެން އެއްޗެއް ބޭރު ކުރީ އެކަން ނާއިލުއަށް ނޭނގޭނެ ކަމަށެވެ. އެހެންނަމަވެސް ނާއިލު ސުވާލު ކުރި ގޮތުން ޝަބާއަށް ޔަގީންވީ އޭނާއަށް ޝަބާ ކަމެއް ފޮރުވާކަން އެނގުނު ކަމެވެ.
“ހިނގާ ނިދަމާ، މިހާރު ނިދިވެސް އައިސްފި” ނާއިލުގެ ޖުމްލައިން ޝަބާގެ ހިތް އިތުރަށް ނުތަނަވަސް ކުރުވިއެވެ. ނާއިލުގެ ލޮލަށް ޝަބާ ބަލާލުމުން އެލޮލުން ނިދީގެ އެއްވެސް އަސަރެއް ފާޅުވާތަނެއް ނުފެނުނެވެ. ހަމަ އެގޮތަށް ޝަބާގެ ލޮލާވެސް ނިދިވަނީ ވަކިވެގެން ގޮސްފައެވެ. ޝަބާ ބަލަހައްޓައިގެން އޮއްވާ ނާއިލު ދެލޯ މަރާލިއެވެ.
“ހިތްހަމަ ނުޖެހުނީތަ؟” އިރުކޮޅެއްގެ ހިމޭންކަމަށްފަހު ޝަބާއަށް މިހެން އަހާލެވުނީ ކީއްވެކަމެއް ނޭނގެއެވެ. ނާއިލު ނުރުހޭ ކަމެއް އޭނާގެ ފަރާތުން ވުން ޝަބާގެ ހިތް ނޭދެނީއެވެ. އެކަމަކު އެއީ ކީއްވެހެއްޔެވެ! އެސުވާލަށް ދޭނެ ޖަވާބެއް ޝަބާގެ ހިތާ ސިކުނޑިއަށް ނޭނގުނެވެ. ޝަބާގެ ލުއިލުއި ހިތްގައިމު އަޑު ނާއިލުގެ ކަންފަތުގައި ޖެހުމުން އޭނާ ލޯ ހުޅުވާ ޝަބާއަށް ބަލާލީ ވަރަށްވެސް ފުން ނަޒަރަކުންނެވެ. އަދި ނާއިލުގެ ހުދުހުދު ބޮޑެތި ދަތްތައް ފެންނަވަރަށް ހިނިތުންވެލަމުން ވާހަކަދެއްކިއެވެ.
“އެހެން ހިތަށް އަރާފަތަ ނުނިދިފަ ތިއޮންނަނީ” ނާއިލު ބުންޏެވެ. ހަމަ އެހިނދު ޝަބާގެ މައުސޫމުކަމާއި ބަނިޔާދަންކަން އެހިތަށް ސިފަވެގެން ދިޔަ ކަހަލައެވެ. ސަމާސާއަކަށް ހަދާފައިވިޔަސް ޝަބާގެ ކޯތާ ފަތުގައި ފިރުމާލަން ނާއިލުުގެ ހިތް އެދުނެވެ.
“އިޓްސް އޯކޭ، ޝަބާ އެހެން ބުނީމަ އަހަރެން ގަބޫލު ކޮއްފިން، އަހަންނަށްވެސް އެނގޭ އެކޯލު މުހިންމު ނަމަ ޖަވާބު ދޭނެކަން، އިޓްސް ވެރީ ލޭޓް، ޝަބާ ފަތިސް ނަމާދަށްވެސް ތެދުވަން ޖެހޭނެ، މާލަހުން ނިދިއްޖެއްޔާ ހޭނުލެވިދާނެ، އަހަންނާއި ހެދި ޝަބާގެ އެއްވެސް ނަމާދެއް މިސްވާކަށް އަހަރެން ބޭނުމެއްނޫން، އެހެންވެ ނިދަން ހިނގާށޭ ބުނީ… އެހެން އަހަރެން ބުނީ ކީއްވެކަން މިހާރު އެނގިއްޖެ ދޯ…” ނާއިލު ބޯ ހަރަކާތްކޮއްލަމުން ދެބުމަ އަރުވާލާފައި އަހާލިއެވެ. ޝަބާއަށް ނުބައިކޮށް ހީކުރެވުނީތީ އޭނާ ލަދުގަތެވެ. އަދި ނާއިލުއަށް ބަލާލަމުން މަޑުމަޑުން ބޯޖަހާލަމުން ލަދުވެތި ހިނިތުންވުމެއް ބަދަލުކޮއްލާފައި އަނެއްފަރާތަށް އެނބުރިއްޖެއެވެ.
މުޅިން އާދުވަހެކެވެ. މެންދުރު ފަސްވެ ގަޑިން ތިނެއް ޖަހަން އުޅެނީއެވެ. ގޭގެ ބިއްދޮށު ފަރާތުގައި ހަލީމުގެ ގެއިން ގެނައި ފަތްޖެހި އެނދެއް، ނީލް އާއި ދެމީހުން ވެގެން ހުޅުވާލާފައި ބެހެއްޓިއެވެ. އަދި އެތަނުގައި ޕްލާސްޓިކު ގޮނޑިއެއް ބެހެއްޓުމާއިއެކު ދެން ފެނުނީ ލީލާ ހެޔޮވަރު ވަރެއްގެ ފެންތެއްޔެއް ހިފައިގެން ގޮސް ފަތްޖެހި އެނދުގެ ކައިރީ ބެހެއްޓިތަނެވެ. ވާރޭ ބޯކޮށް ވެހުމުގެ ސަބަބުން ގޯތި ތެރޭގައި ކުދިކުދި ފެންގަނޑުތައް ހެދިފައި ހުއްޓެވެ. އެތަން ތަނަށް ވެލި އެޅުމުގައި ވެލި ބަސްތާއެއް ހިފައިގެން ނަވާލު އުޅެއެވެ. އޭނާއަށް އެހީވުމުގައި މީކާވެސް ނަވާލުގެ ގާތުގައި އުޅެއެވެ. އެހުރިހާ އެންމެން ތައްޔާރު އެވަނީ ރަޒިއްޔާ އަންނާނެ އިރަކަށެވެ. ނާއިލުގެ ގައިގާ ތަތްވެފައި ހުރި ބޭސް ކަފަގަނޑުތައް ނައްޓަން ހަމަޖެހިފައި އޮތީ މިއަދުކަމަށް ވީމައެވެ. އެކަން ރަޒިއްޔާ ކުރަނީ މައިގެން ބޭރުގައެވެ.
ހުރިހާ ކަމެއް ނިންމާލާފައި ނީލް އާއި ހަލީމް ޖައްސާލައިގެން ތިބީ ފަތްޖެހި އެނދުގައެވެ. ހުސް ގޯނި މީކާ އާއި ހަވާލު ކޮއްލަމުން ނަވާލު އައީ ސިޓިން ރޫމާ ދިމާލަށެވެ. އޭރު ދޮރުމަތީ އެންމެންގެ ހަރަކާތްތަކަށް ބަލަން ޝަބާ ހުއްޓެވެ. ލީލާ ފޯއްތަބަށް ތައްޔާރު ކޮއްލައިގެން ގޮސް ފަތްޖެހި އެނދުގައި ތިބި ދެޒުވާނުންނަށް ދިއްކޮއްލައިފިއެވެ. އެވަގުތު ދޮރުން ސިޓިން ރޫމަށް ވަން ނަވާލު ދިޔައީ ދޮރުމަތީގައި ހުރި ޝަބާ އެތެރެއަށް ޖެހިލީމަވެސް އޭނާގެ ކޮނޑާއިއެކު އަތުގައި ޖެހިލާފައެވެ. އަދި ޝަބާއަށް އަޑުއިވޭނޭހެން ލާނެތް ލުއިލުއި ހީނލުމަކުން ހީނލާފައެވެ. މިފަހަރުވެސް ޝަބާއަށް ހައިރާންވެފައި ނަވާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އޭނާގެ ހަރަކާތްތަކުން ދެނެގަންނަންވީ، ނޫނީ ނަގަންވީ މާނައެއް ނޭނގިފައެވެ. ނަވާލު މާ ގައިގޯޅިކޮށް އުޅެންވީ ސަބަބެއް ނޭނގިފައެވެ. އެމަންޒަރު ސޯފާތަށް ކައިރީ އިން ނާއިލު ފެނުމުން ނިތަށް ރޫއަރައިގެން ދިޔައެވެ. ހިތް އަވަސްވެ ކުރިންވެސް ކުރެވުނު ޚިޔާލުތައް ހިތާ ސިކުނޑި ވަށާލައިފިއެވެ. ނަވާލު ދިޔަގޮތަށް ގޮސް ވަނީ ބަދިގެ އާއި ކާގެއަށެވެ. އެދެތަންވެސް ހުންނަނީ އެއްތަނެއްހެން ފަރުމާކޮއްފައެވެ. ކާމޭޒު ހުންނަނީ ކައްކާ ތަނާ މާދުރުނޫން ހިސާބެއްގައި ބަހައްޓާފައެވެ. ވަންނައިރު އެންމެ ފުރަތަމަވެސް ކަނަފާތް ފަރާތުން ފެންނަން ހުންނަނީ ރަތްކުލައިގެ އައިސް އަލަމާރިއެވެ. ދެން ރަތް ލަކުނޑީގެ ކަބަޑު ސެޓު ތަކާއި އުނދުނާ ސިންކެވެ. އަދި ގޭގެ ބިއްދޮށަށް ހުޅުވެން ހުންނަ ދެދޮރުފަތްލީ ކުޑަދޮރެވެ. ނަވާލު އިރުކޮޅެއް ނުވެ ބަދިގެއިން ބޭރަށް ބޯދިއްކޮއްލުމަށްފަހު ޝަބާއަށް ގޮވާލިއެވެ.
ދޮރުމަތީ ހުރެ ފަހަތަށް ބަލާލި ޝަބާ ލޮލުގެ އިޝާރާތުން އަހާލީ ކިހިނެއްވީތޯއެވެ. އެއާއިއެކު ނަވާލު އަތުންނާއި ބޮލުން އިޝާރާތް ކޮއްލާފަ “އާދެބަލާށޭ” ބުންޏެވެ. ޝަބާ ހިނގައިގަތީ ނަވާލު އާއި ދިމާލަށެވެ. ނަވާލު ވަނީ އަނެއްކާވެސް ބަދިގެ ތެރެއަށެވެ. ޝަބާ އާއި ނަވާލުގެ ހަރަކާތްތަކަށް ބަލަން އިން ނާއިލުގެ ދެބުމަ ކައިރިވަމުންދިޔައީ ލިބެމުންދިޔަ ހާސްކަމެއްގެ ސަބަބުންނެވެ. އޭނާ ނަވާލު އާއި ޝަބާގެ ހަރަކާތްތައް ފަރުވާތެރިވެ އިނދެ ބަލަމުން ދިޔައެވެ. ޝަބާ ބަދިގެ ތެރެއަށް ވަދެގެން ދިއުމާއިއެކުހެން، އޭނާގެ ފަހަތުން ނާއިލު ދާން ބޭނުންވިއެވެ. ކުއްލިއަކަށް ނާއިލުގެ ހިތުގައި ނޭނގޭ ބިރުވެރި ކަމެއް އުފެދުނީ ކީއްވެކަމެއް ނޭނގެއެވެ. އަމިއްލަ ޒަމީރުވެސް އޭނާއަށް ގޮވާލަނީ ސަމާލުވާށެވެ. ސަމާލުވާންވީ ކޮންކަމަކަށްކަން އޭނާއަށް ޔަގީނެއްނުވެއެވެ. އެހެންނަމަވެސް އެހިތްބިރުން ނެގި ނެގިފައި ޖެހެންފަށައިފިއެވެ. ސިޓިން ރޫމާ ބަދިގެއާއި ދެމެދު ފާރެއް ހުރުމުން އޭނާ އިންގޮތުން ބަދިގެ ތެރެއެއް އެއްގޮތަކަށްވެސް ނުފެނެއެވެ. އެކަމާ އެތަނުގަ ހުރި ފާރުދެކެ އޭނާ ރުޅިއަންނަން ފެށިއެވެ. ބޭނުންނުވިޔަސް ނާއިލުއަށް ކަމެއް ވަހުމުވާން ފެށިއެވެ.
ޝަބާ ބަދިގެއަށް ވަންއިރު ނަވާލު ހުރީ އައިސް އަލަމާރިން ފެންފުޅިއެއް ނަގައިގެން ބޯށެވެ. އޭނާގެ އަނގަޔަށް އެޅޭ ވަރަށްވުރެ ދަތްދޮޅިން ލާފައި ތިރިއަށް ފައިބައިގެން ދާ ފެން މާގިނައެވެ. ޝަބާ ކާމޭޒު ކައިރީ މަޑުކޮއްލީ ނަވާލު ފެންބޮއެ ނިމެންދެންނެވެ. ނަމަވެސް އޭނާ ފެންބޮއެ ނިމުނުކަމަކަށް ނުހެދިއެވެ. ލާފައި ހުރި “ޓޮމީ ހިލްފިގަރ” ބްރޭންޑުގެ އަތްދިގު ވީނެކް ހުދު ޓީޝާޓުގެ މޭމަތި ތެމެމުންދާތަން ފެނުމުން ޝަބާއަށް އެއްޗެއް ނުބުނެ ނުހުރެވުނެވެ. ސަބަބަކީ ނަވާލު މާބޮޑަށް ފެން އިސްރާފު ކުރަނީއެވެ. އޭރު ތިރީ ޓައިލްސް ތަކުގެ މައްޗަށް ކޮންމެވެސް ވަރަކަށް ފެންއެޅިފައި ހުރިތަން ޝަބާއަށް ފެނުނެވެ.
“މުޅި މީހާ ތެމިގެންތަ ފެންބޮވެނީ، މިތަނުން ބިއްލޫރި ތައްޓެއްގައި ފެން ފޮދެއް ބޯލިނަމަ” ޝަބާ ބުންޏެވެ. ނަވާލު އަނގަޔަށް އެޅި ފެންކޯވަރު ދިރުވާލަމުން ފެންފުޅި އައިސް އަލަމާރި މަތީ ބެހެއްޓީ ހިނިތުންވެލައިގެން ހުރެއެވެ. ނަވާލު ބޭނުންވީ، އޭނާގެ ތެމެމުންދިޔަ މޭމަތި ޝަބާއަށް ފާހަގަ ވުމެވެ. އެކަން ކާމިޔާބު ވެއްޖެ ކަމުގައި އޭނާ ހީކުރިއެވެ. އަދި ޝަބާ އާއި ދިމާލަށް އެނބުރިލަމުން ލައިގެން ހުރި ޓީޝާޓު ބޭލިއެވެ. ކަސްރަތީ އެބިޔަ ހަށިގަނޑު ފެނުމުން ޝަބާ ސިހޭގޮތްވިއެވެ. ބޭއިޙްތިޔާރުގައި މޭޒުގެ ދޮށުގައި ހުރިތަނުން ގޮނޑިއެއްގައި ހިފަހައްޓާލެވުނެވެ. ނަވާލުގެ ހަށިގަނޑަށް ބަލަހައްޓައިގެން ހުރެވުނީ އަޖައިބުވެފައި ހުރި މީހަކު ފަދައިންނެވެ. ދެކޮނޑާ އަތް އެހާ ވަރުގަދައެވެ. ބަނޑާ ދިމާލުގައި މަސްތައްއެވަނީ ގޮޅިގޮޅިއަށް ބަހާލެވިފައެވެ. އެފަދަ ފިރިހެންވަންތަ ފުރިހަމަ ހަށިގަނޑެއް ޝަބާއަށް ހަމަލޮލަށް މިފެނުނީ ފުރަތަމަ ފަހަރަށެވެ.
ނަވާލަށް، ޝަބާ ހުރިގޮތް ފެނުމުން ކުރިއަށްވުރެވެސް ބޮޑަށް ހިނިތުންވެލެވުނެވެ. އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް އޮތް އިތުބާރާއި ޝަބާގެ ފަރާތުން ފެނުނު ހަރަކާތްތަކުން ކުރިއަށް ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަން ފެށިއެވެ. އެކަން ފާހަގަ ކުރެވުނު ޝަބާ އަވަސް އަވަހަށް ނަވާލުގެ ހަށިގަނޑާއި ނަޒަރު ވަކިކޮއްލަމުން އޭނާއަށް ފުރަގަސް ދިނެވެ.
“ނަވާލު އަހަންނަށް ގޮވީ ކޮންބޭނުމަކު…” ހާސްވެފައި ހުރިފަދަ އަޑަކުން ޝަބާ ވާހަކަދެއްކިއެވެ. ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޝަބާއަށް އެވީގޮތުން އޭނާ ވަރަށް ލަދުގަނެ ނިތްކުރިން ދާތިކި ހިލިލައިފިއެވެ. އަދި ނޭވާ ހާސްވާފަދަ ގޮތެއްވެ ކަރުތެރެ ހިކިގެން ދިޔައީ އޭނާއަށް އެނގުމަކާއިނުލައެވެ. އެކަން އިޙްސާސް ކުރެވުނީ ދެވަނަ ފަހަރަށް ވާހަކަ ދައްކަން އުނދަގޫވުމުންނެވެ.
“ޔޫ ލައިކް އިޓް…” ޝަބާގެ ފުރަގަހުން އޭނާގެ ކަންފަތް ދޮށުގައި ނަވާލު ވައި އަޑުން ބުނެލިއެވެ. އެވަގުތު ނަވާލުގެ ނޭފަތުގެ ނޭވާ ޝަބާގެ ކޯތާފަތުގައި ބީހިލާފައި ދިޔައީ އެހަށިގަނޑުގެ ލޯލިތަށް ހޭލައްވާލާފައެވެ. ކުރެވުނު އާދަޔާއި ހިލާފު އިޙްސާސާއިއެކު ޝަބާއަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނީ ނަވާލާއި ދުރަށް ޖެހިލުމަށެވެ.
“ހެ ހެ ހެ… ހޭ ޝަބާ…” މަސްތީ ގޮތަކަށް ނަވާލު ހީނލާފައި ޝަބާއަށް ގޮވާލިއެވެ. ދެންވެސް އޭނާ ކުރިއަށް ފިޔަވަޅު އަޅާލީ ޝަބާ އާއި ގާތްވެލުމަށެވެ.
“ނަވާލު ބޭނުންކަމެއް ނުބުނެވުނެންނު، އަހަރެން މިދަނީ…” ބިރުން ފިލަން އުޅޭ މީހަކު ފަދައިން ޝަބާ މޭޒުގެ އަނެއްފަރާތަށް ދިޔައީ ވިދުވަރެއްހާ ހަލުވި ކޮށެވެ. އަދި ނަވާލު އޭނާއަށް ގޮވަ ގޮވާ ހުއްޓާ ބަދިގެއިން ޝަބާ ނިކުމެގެން ހިނގައްޖެއެވެ.
ސިޓިން ރޫމުގައި އިން ނާއިލު އިނީ ބަދިގެ އާއި ދިމާލަށް ބަލަހައްޓައިގެން އިންގޮތަށް ކެތްތެރިކަން ކޮޅުން ލާފައެވެ. މީހާ ރުޅިގަދަވެގެން ހަލާކުވަނީއެވެ. އަވަސް އަވަހަށް ނުކުތް ޝަބާ ފެނިފައި އޭނާ ހައިރާންވިއެވެ. ޝަބާއަށް ނާއިލު ބަލަން އިންތަން ފެނުމުން ހުއްޓުން އެރިއެވެ. ވަކިން ބޮޑަށް ހާސްވިވަރުން ހަނދާނެ ގޮތެއް ނޭނގި ހުރެ ބޭއިޙްތިޔާރުގައި ނިތްކުރިން ފައިބަން ގާތްވެފައި ހުރި ދާތިކިތައް އަތުގެ ނުފުށުން ފޮހެލެވުނެވެ. އެމޫނު މަތީގައިވި ހުރިހާ ކުލަވަރެއް ނާއިލުއަށް ފެނުނެއް ކަމަކު، އެކަމުން ދޭހަވަނީ ކީކޭ ކަމާއިމެދު ވިސްނަން އިންދާ ދެން ފެނުނީ ބަދިގެއިން ސިޓިން ރޫމަށް ނުކުތް ނަވާލެވެ. ފޫޅުން މަތި ހާމަކޮއްލާފައި ހުރިއިރު ކަނާތަށް އޮޅާލެފިފައި އޮތް ހުދު ޓީޝާޓު ފެނުނެވެ. ނަވާލުގެ މޫނުމަތިން ހާސްކަމެއް ނުފެނެއެވެ. އަދި އޭނާގެ ސަމާލުކަމެއް ނާއިލަކަށްވެސް ނުދެއެވެ. އޭގެ ބަދަލުގައި އެއްމިޔަކަނިން ހެވިފައި ހުރެ އޭނާ ދުވެފައި ކަހަލަ ގޮތަކަށް ސިޑީގެ ހަރުފަތްތައް ގިރާ ކުރަމުން މައްޗަށް އެރިއެވެ. ބުދެއްހެން ހުރުމުގެ ބަދަލުގައި ނާއިލުގެ ނަޒަރު ޝަބާ އާއި ވަކިވި ވަގުތު އޭނާވެސް އަވަސް ފިޔަވަޅުގައި ދިޔައީ ކޮޓަރިއަށް ވަނުމަށެވެ. މިވަނީ ކިހިނެއްކަން ނޭނގި އެއްވެސް ހަރަކާތެއް ނުކުރެވިފައި ނާއިލު އިނީ ހަތަރެސްފައިގައި ހިލިހިލާ ޖަހާފައިވާ ގައިދީއެއްހެންނެވެ. ނިކަން ބާރަށް ހަޅޭލަވައިގަންނަން ނާއިލު ބޭނުންވިއެވެ. ސޯފާތަކުގެ ކައިރީ އެއްފަރާތު ކަނެއްގައި ހުރި ފެހިކުލައިގެ ބިއްލޫރި ބޮޑު ވާސް ނަގާ އަތުކޮޅަށް ހޫރާލާން އޭނާ ބޭނުންވިއެވެ. މޮޔައެއްހެން މުޅި ގޭތެރޭގައި ހަޅޭލަވަމުން ދުވަން އޭނާ ބޭނުންވިއެވެ. މިހުރިހާ ކަމެއްވެސް ނާއިލު ކުރީ އޭނާގެ ސިކުނޑީގެ ތެރޭގައެވެ. އަތްފައި ތަޅުވާނުލެވޭ ނުކުޅެދޭ މީހަކަށް ކުރެވޭނީވެސް އެވަރެއްނޫންހެއްޔެވެ. ކަނދުރާއިން ވާގިދޫކޮއްލުމާއިއެކު ނާއިލުގެ އިސްޖެހިގެން ދިޔައެވެ.
“އާހް…” އެނދުމައްޗަށް ވެއްޓެމުންދިޔަ ނަވާލުގެ އަނގައިން އާހެއް ބޭރުވެގެންދިޔައެވެ. އަދި ދީވާނާ ވެފައިވާ މީހަކު ފަދައިން ދެލޯ މަރައިގެން އޮވެ ހޭން ފެށިއެވެ.
އެނދުގައި އޮތް މޯނާ ގެއިން ނުނިކުންނަތާ ދެދުވަސްވަނީއެވެ. އޭނާގެ ރަޙުމަތްތެރިން އައިސް އެމީހުނާއިއެކު އެކިތަންތަނަށް ދިއުމަށް އާދޭސް ކުރަމުންދިޔައެވެ. އެއްގޮތަކަށްވެސް މޯނާ އެއްބަސް ކުރެވޭ ގޮތެއް ނުވިއެވެ. އޭނާގެ ރަޙުމަތްތެރިންގެ އަދަދު ގިނައެއް ކަމަކު، ދިރިއުޅުމުގެ އެއްވެސް ކަމެއް އެއިން މީހަކަށް ނޭނގޭނެއެވެ. ހުރިހާ އެންމެންވެސް ހީކުރަނީ ނަވާލަކީ ފުޅާ ދާއިރާއެއްގައި ވިސްނުން ގެންގުޅޭ ފިރިއެއްކަމަށެވެ. ކައިވެންޏަށްފަހުވެސް އެއްވެސް ޝަކުވާއެއްނެތި އަނބިމީހާއަށް މިނިވަންކަން ދީގެން އުޅެނީ އެހެންވެ ކަމަށެވެ. މޯނާގެ ރަޙުމަތްތެރިންގެ ތެރޭގައި އެއްވަނަ ފިރިއެއްގެ ގޮތުގަ އާއި، ކޮންމެ ކުއްޖަކުވެސް އެމީހެއްގެ ދިރިއުޅުމަށް ބޭނުންވާ “ޕާފެކްޓު ހަޒްބަންޑް” ގެ ގޮތުގައި ނަގަނީ ނަވާލެވެ. މޯނާގެ ފިރިމީހާ ނަވާލެވެ. އެކަމާ އޭނާ ނުލާހިކު ފަޙުރުވެރިވެއެވެ.
“ޕްލީޒް، ދެން ދޭ… މަށެއް ނުދާނަން، މިއޮތީ ކުޑަކޮށް ހުންވައްތަރު ވެގެން، މާދަން ރަނގަޅިއްޔާ ޔޫ މެންނާ ބައިވެރިވާނަން” މޯނާ ދޮގެއް ހެދީ އޭނާގެ އެކުވެރިންގެ ކިބައިގެން ސަލާމަތްވެ އެކަނިވެލުމަށެވެ. އެމީހުންވެސް ކުރާނެ ކަމެއްނެތިގެން އެންމެފަހުން މޯނާގެ ކޮޓަރިން ނުކުމުގެން ދިޔައީ ފަހުން ގުޅާނަން ކަމުގައި ބުނެފައެވެ. އަދި މިއަދު މޯނާއަށް ނުފެނި އުނިވެގެން ދާ އުފާވެރި މަޖާ ކަންތައްތަކާއި އެމާހައުލުގެ ފޮޓޯތަށް އިންސްޓަރގްރަމްއަށް ލާނެ ކަމަށް ބުނެފައެވެ. އެންމެ ފަހުވަގުތުވެސް ކޮންމެހެން އެބަލަން ވާނެ ކަމަށް ހަނދާންކޮއްދިނެވެ. މޯނާ ކަންނެތް ގޮތަކަށް ހޫން ލައްވާލަމުން ކޮޓަރީގެ ދޮރުލައްޕަން ދިޔައެވެ.
އަނެއްކާވެސް އެނބުރި އައިސް މޯނާ ވެއްޓިގަތީ އެނދުމައްޗަށެވެ. މައްޗަށް ބަލަހައްޓައިގެން އޮވެ އޭނާ ތުންފިއްތާލީ ކުޑަކުއްޖަކު ދެރަވެގެން ތުންފިއްތާލާ ކަހަލަ ގޮތަކަށެވެ.
“ނަވާލް، ކީއްވެތަ އަންސާ ނުކުރަނީ… އައިއެމް މިސިން ޔޫ ސޯ މަޗް، ކަމް ބެކް ނަވާލް… ކަމް ޓު މީ ބޭބްސް..” މޯނާ، ނަވާލުގެ ފުރިހަމަ ނަން ބޭނުން ކުރާނީ އޭނާގެ ހިތުގައި އާދަޔާ ހިލާފަށް ނަވާލުގެ މައްޗަށް ލޯބި އުފެދިއްޖެނަމައެވެ. ނޫނީ އޭނާގެ މަތިން މާބޮޑަށް ހަނދާންވެގެން އުޅޭނަމައެވެ. މޯނާ އަނެއްކާވެސް އެނދުމަތީގައި އޮތް މޯބައިލް ފޯނު ނަގާ ނަވާލުގެ ނަންބަރަށް ގުޅާލިއެވެ. މިފަހަރުވެސް ފޯނު ރިންގުވެފަ ނިވުނީއެވެ.
“ޕްލީޒް ދެން ފޯނު ނަގާބަލަ، ކިހާ ވަރަކަށްތަ މިގުޅަނީ” މޯނާ އެނދުން ތެދުވެ ދަވަނަ ފަހަރަށް ނަވާލަށް ގުޅަމުން ބުނެލިއެވެ. ޚަބަރެއް ނުވުމުން މޯނާއަށް ހަދާނެގޮތް ހުސްވެ ފޯނާއިއެކު މޫނުގައި ދެއަތް އަޅާލެވިއްޖެއެވެ. އެތަށް އިރަކު އެހެން އިނުމަށްފަހު ކުއްލިއަކަށް ފޯނުން ނަންބަރަކަށް ގުޅަން ފެށިއެވެ. މޫނުމަތިން މީގެ ކުޑައިރުކޮޅެއް ކުރިން ފެނިގެން ދިޔަ މޮޅިވެރިކަން ފިލައިދިޔަކަހަލައެވެ. މޯނާއަށް މުޅިން އާ އުއްމީދެއް އާވެގެން ދިޔަ ފަދައެވެ.
“ހެލޯ…” ފޯނު ކަންފަތުގައި ޖަހައިގެން އިނުމަށްފަހު މޯނާ ބުނެލިއެވެ.
ކޮޓަރީގައި ޓަކި ޖަހާލި އަޑާއި އެކުހެން ބާލިހުގައި ބާރަށް ބައްދާލައިގެން ބަންޑުން އޮތް ނަވާލު ދިޔައީ ސިއްސައިގެންނެވެ. އޭނާގެ މެރިފައި އޮތް ދެލޯ ހުޅުވާލުމާއިއެކު އޭނާގެ ނަޒަރު އަމާޒުވެގެން ދިޔައީ ކޮޓަރީގެ ދޮރާ ދިމާލަށެވެ. އެނދުން ތެދުވެ މީހާ ހަމަޖެހިލާފައި އައިސް ކޮޓަރީގެ ދޮރު ހުޅުވިއެވެ.
ދޮރުމަތީގައި ހުރި ނީލް ފެނި ނަވާލު ހައިރާންވިއެވެ. ނީލް އޭނާގެ އަތުގައި އޮތް މޯބައިލް ނަވާލަށް ދިއްކޮއްލިއެވެ.
“ކާކު” ނަވާލު ފޯނުގައި ހިފުމުގެ ކުރިން އަހާލިއެވެ.
“ކާކުތަ ނަވާލު ހޯދަން ގުޅާނީ” ނީލް ނުސީދާކޮށް ބުނެލީ ނަވާލަށް އެނގޭނެޔޭ ހިތާއެވެ.
“ނޭނގުނު، ތުއްތޮން ބުނެބަލަ… ކާކުތަ” ފޯނުގައި ހިފަން ނެގި އަތް ތިރިކޮއްލަމުން ނަވާލު ބުންޏެވެ.
“ޔޯ ވައިފް… މޯނާ…” ނީލް އަޑަށް ބާރުލާފައި ބުނެލީ ނަވާލަށް ނޭނގުނީމައެވެ.
“މޯނާ” މިހެން ބުނެލެވުނު ނަވާލުގެ މޫނުމަތި ބަނަވެގެން ދިޔަ ކަހަލައެވެ.
“ދެންވެސް ތިހެން ނުހުރެ މިކޯލަށް ޖަވާބެއް ދީބަލަ، ކީއްވެތަ މޯނާ މިފޯނަށް ގުޅަން ޖެހުނީ، ނަވާލުގެ ފޯނު ކޮބާތަ” ނަވާލުގެ ހަރަކާތްތައް ހުރިގޮތް ފެނިފައި ނީލް ހުރީ ހައިރާންވެފައެވެ.
“މަގޭ ފޯނު… ފޯނު އޮތީ ނިވިފަ، އެކަމަކު މިހާރު އޮންނާނީ ޗާޖުވެފަ، މިގުޅަނީ މޯނާއަށް” ނީލްގެ ފޯނުގައި ނުހިފާ ނަވާލު ހިނގައިގަތީ ކޮޓަރިތެރެއަށެވެ.
“މޯނާ، ތުއްތޮން އެނގޭ… ނަވާލު އެބަ ގުޅާ، އެހެންވީމަ ތުއްތޮންގެ ފޯނު ބާއްވާލާނަން އެހަށް” ނީލް ކޮޓަރިއަށް ވަދެގެން ދިޔަ ނަވާލު މޯބައިލް ނެގިތަން ފެނުމުން ފޯނުގެ އަނެއްކޮޅުގައި މަޑުކޮއްލައިގެން ހުރި މޯނާއަށް ޖަވާބެއް ދިނެވެ.
“ތުއްތޮން ޕްލީޒް، ނަވާ ގުޅާނަމޭ ބުނެފަ ހަނދާންނައްތާލާފަ ހުރެދާނެ، އޭނައަށް ހަނދާންކޮއްދެއްޗޭ ގުޅަން” ފޯނުން އިވިގެން ދިޔަ މޯނާގެ އަޑުގައި އޭނާ ކެތްތެރިކަން ކުޑަވެފައި ހުރިވަރު ނީލްއަށް ނަގައިގަނެވުނެވެ.
ނަވާލު ފޯނު ނަގާ ހުޅުވާލުމަށްފަހު އެނބުރި ދޮރާ ދިމާލަށް ބަލާލިއެވެ. އޭރުވެސް ނީލް ދޮރުމަތީގައި އޭނާގެ ފޯނު ހިފަހައްޓާލައިގެން ހުއްޓެވެ. މިތަން ފެނި ނަވާލު އޭނާގެ ފޯނުން މޯނާއަށް ގުޅާލުމާއިއެކު ކަންފަތުގައި ޖެހިއެވެ. ސުވާލުގެ ނަޒަރަކުން ހައިރާންވެފައި ނީލް ބަލަހައްޓައިގެން ހުރުމުން އޭނާއަށް ނަވާލު ހިނިތުންވެލިއެވެ. ބޭނުމަކަށްވީ އޭނާ އާއި މޯނާގެ ގުޅުމާއިމެދު ނީލް އެއްޗެއް ހީކޮއްފާނެތީވެ އެކަން ފޫބެއްދުމެވެ.
“ހެލޯ، މޯނާ…” މަޑުމައިތިރި ކަމާއިއެކު ނަވާލު އެހެން ބުނެލަމުން ދެވަނަ ފަހަރަށް ނީލްއަށް ބަލާލިއެވެ. މިފަހަރު ނީލް ހިނިތުންވެލާފައި މަޑުކުރުމެއްނެތި އެތަނުން ދިއުމަށް ހިނގައިގަނެއްޖެއެވެ. ނަވާލު ދެފައިކުރިއަށް ބާރުލާފައި އަވަހަށް އައިސް ދޮރުން ބޭރަށް ބަލާލީ ނީލް ދިޔައީ ތޯ ޔަގީންކޮއްލަން ބޭނުންވެގެންނެވެ.
“މޯނާ ކީއްކުރަން ތުއްތޮންގެ ފޯނަށް ގުޅަންވީ” ނީލް ފެންނަ ހިސާބުގައި ނެތްކަން ޔަގީންވުމާއިއެކު ވަގުތުުން ނަވާލުގެ އަޑު ބަދަލުވެގެން ހިނގައްޖެއެވެ.
“އަހަރެން ނަވާއަށް ކިހާވަރަށް ގުޅައިފިން، އެންމެ ފަހަރަކު ފޯނު ނެގިއްޔާ ކީއްވާނީ، އައި މިސް ޔޫ ނަވާލް…” މޯނާ ބުންޏެވެ.
“ކޮބާތަ މޯނާގެ ރައްޓެހިންތައް، އެމީހުނާއިއެކު އުޅުނީމަ ފޫއްސެއް ނުފިލާތަ، ދެން މިސްވެގެން އުޅޭކަށް އަދި ނުވެއެންނު، ރުފިޔާ އެބަހުއްޓެންނު، ރާއްޖޭން ބޭރަށް ރަޙުމަތްތެރިންނާއިއެކު ދަތުރެއް އަޅާލަންވީނު، ނޫނީ ޝޮޕިންކޮއްލާ، އޭރުން ތި މިސްވެގެން އުޅޭވަރު ހަނދާންނެތިދާނެ” ނަވާލުގެ ވާހަކަ ހުރިގޮތުން މޯނާއަށް އިޙްސާސްވެގެން ދިޔައީ ނަވާލު އޭނާއަށް ޖެއްސުމަށް އެއްޗެހި ކިޔަނީ ކަމުގައެވެ.
“ނަވާލް، ކީއްވެތަ އަހަންނާ ތިހެން ތި ވާހަކަދައްކަނީ، އަހަރެން ނަވާލަށް އުނދަގޫވެދާނެ ފަދަ ގަޑިއެއްގަ ނުގުޅަން، އެހެންނޫނަސް ތިހުންނަނީ ޗުއްޓީ ދަތުރެއްގަ ގޮސް، ބިޒީވާނެ ރީޒަންއެއް އަހަންނަކަށް ނުވިސްނޭ، އަބަދު ފޯނު ނިއްވާލައިގެން ތިއުޅެނީ، އަނެއްކާ ދަންވަރު އެކަނި މިފަހަކަށް އައިސް ނަވާލު ފޯނު ހުޅުވަނީ، މެސެޖު އަންނައިރަށް އަހަރެން ނަވާލުގެ ފޯނަށް ގުޅަން… އެކަމަކު ކޮންމެ ފަހަރަކު ހުންނަނީ ލައިން ބިޒީވެފަ، ޕްލީޒް ނަވާލް، ކޮބާތަ ޕްރޮބްލަމްއަކީ، ނަވާލު ކުރީގަ އަހަންނާ ދޭތެރޭ ކަންތައް ކުރާގޮތެއް ނޫން ތީ، ރީޒަންއެއް ދައްކަބަލަ…” މޯނާ ދެރަވިވަރުން އޭނާގެ އަރުބެދޭގޮތްވިއެވެ. އެހާ ވަރުން ނަވާލާއި ދިމާވުމުންވެސް އޭނާގެ ފަރާތުން މޯނާ ހިތްހަމަޖެހި އުފާވާނެ ފަދަ އެންމެ ލަފްޒެއްވެސް އަޑެއްނީވުނެވެ. އެއީ އޭނާ ދުވަހަކުވެސް ނަވާލުގެ ފަރާތުން އުންމީދު ކުރި ސިފައެއްނޫނެވެ.
“އަހަރެން ފޯނު ނުނެގީމަ އޭގެ މާނައަކީ އަހަރެން މޯނާ އާއި ވާހަކަދައްކަން ބޭނުން ނުވަނީއޭ، ކޮންމެހެން އެހެން މީހުންގެ ފޯނުތަކަށް އަހަރެން ހޯދަން ގުޅައިގެން ނުވާނެ، އަހަރެން މާލެ ދަންދެން މޯނާ ދެން ނުގުޅާތި، މާލެ ދިޔައީމަ ތިދައްކަން ހުރި ވާހަކައެއް ދައްކާ، ކޮންމެހެން މިކޮޅުގަ އަހަރެން ހުންނައިރު، އަހަރެންގެ ބޯ ހާސްކުރުވާކަށް އުޅޭނެ ކަމެއްނެތް” ނަވާލުގެ ވާހަކަ ކުއްލިއަކަށް މެދުކަނޑާލީ މޯނާއެވެ.
“އަހަރެންގެ ސަބަބުން ނަވާލަށް އުނދަގޫވާންފެށީ ކޮންދުވަހަކު، ނަވާލު އަހަރެންދެކެ ލޯބި ނުވަނީތަ، އަހަރެން ނަވާލުދެކެ އެހާ ލޯބިވާއިރުވެސްތަ” މޯނާއަށް ރޮވިއްޖެއެވެ. މިހިސާބަށް ކަންތައްދާންވީ ސަބަބު އަދިވެސް އޭނާއަށް ނުވިސްނެނީއެވެ.
“ލޯބިނުވާ ވާހަކައެއް އަހަންނެއް ނުބުނަމެންނު، އަހަރެން ބޭނުންވަނީ ހުރިހާ ކަމަކާ މިދުވަސްކޮޅު ދުރުވެލަން، މާލެ ދާއިރު މީހާ ވަރަށް ހަމަޖެހިލާފައި ހުންނަން ބޭނުންވަނީ، އަހަރެން މޯނާއަށް މިނިވަންކަން ދޭއިރު ކީއްވެ މަށަށްވަކި އެމިނިވަންކަން ނުލިބެންވީ، މޯނާ ތަންތަނަށް ދިޔައީމަ އަހަރެން ގުޅީމަ އުނދަގޫވެއެންނު، މަށަށްވެސް ވަރަށް އުނދަގޫވޭ، އެހެންވެ މިބުނަނީ ދެން ނުގުޅާށޭ… މޯނާ އަހަރެންދެކެ ލޯބިވަންޏާ ދެން ނުގުޅާނެ، އަހަރެން މާލެ ދަންދެން މަޑުކޮއްގެން ހުރޭ” ނަވާލު އަދިވެސް ވާހަކަދައްކަނީ ވަރަށް ހަރުކަށިކޮށެވެ.
“އަހަރެން ލޯބިވޭ ނަވާލުދެކެ، މައްސަލައެއްނެތް، އަހަރެން ދެން ނުގުޅާނަން، އެކަމަކު ޕްލީޒް ނަވާލް، އަހަރެންގެ ހާޓް ބްރޭކްވާވަރުގެ ކަމެއް ނުކުރައްޗޭ… ޕްލީޒް…” މޯނާއަށް އެންމެ ފަހު ޖުމްލަ ބުނެލެވުނީ ބޭއިޙްތިޔާރުގައެވެ. ނަވާލު ނުފެނުނު ކަމުގައި ވިޔަސް އޭނާއަށް އައިސްފައި ހުރި ބަދަލު މޯނާއަށް ދެނެގަންނާކަށް އުނދަގުލެއްނުވިއެވެ. ނަވާލުގެ ވާހަކަދެއްކުމުގެ ރާގުންނާއި ބުނަމުންދިޔަ ޖުމްލަތައް މޯނާގެ ހިތަށް ނޭނގޭ ބިރުވެރިކަމެއް ވެރިކުރުވިއެވެ.
ހިތުގައިވި ބިރުވެރި ޚިޔާލާއިއެކު ނާއިލު އިނީ ހާސްވެފައެވެ. ރަޒިއްޔާ ތައްޔާރުކޮއްފައި ހުރި ތެޔޮފުޅިއަކުން ފަތްޖެހި އެނދުގައި އިން ނާއިލުގެ ބުރަކަށްޓަށް ތެޔޮއަޅަމުން ޝަބާ ދިޔައެވެ. އޭރު ރަޒިއްޔާ މަޑުމަޑުން އިނދެގެން ކަފަގަނޑުތައް ނައްޓަން މަސައްކަތް ކުރަމުން ދިޔައެވެ. މީކާ އިނީ ފަތްޖެހި އެނދުގައި އިށީނދެލައިގެން ނާއިލުގެ ކޮނޑުގައި ހިފަހައްޓާލައިގެން އޭނާ ކޮޅަށް ބޭންދުމަށް އެހީވުމުގައެވެ. ދެތިން ހަތަރު ފިޔަވަޅު ދުރުގައި ނީލް އާއި ލީލާ ބަލަންހުއްޓެވެ.
“ޝަބާ، މިއަދު މީ ތެޔޮ ދަމަން ފަށާ ދުވަސް، ވާނެ ނިކަން ރަނގަޅަށް ދައްތަ ހަދާގޮތް ބަލަން، މީ ވަރަށް ރަނގަޅު ތެލެއް، ޝަބާ ތެޔޮ ދަމަން ދަސްކުރަންވާނެ މާލެ ދާންވާއިރަށް” ރަޒިއްޔާ ފައިދޮށުގައި ހުރި ކޮތަޅަށް ނާއިލުގެ ގައިން ނައްޓަމުންދިޔަ ކަފަތައް އަޅަމުން ވާހަކަދެއްކިއެވެ. ޝަބާ ހިނިތުންވެލާފައި ބޯޖަހާލިއެވެ. ނަވާލުގެ ސަބަބުން މިއަދު އޭނާ ހުރީ ހާސްވެފައެވެ. އަދިވެސް ވިސްނެނީ އެކަމާއެވެ. ނާއިލުގެ މޫނު ހުދުވެގެން ދިޔަ މަންޒަރެވެ. ނަވާލުގެ ދުލުން އިވުނު މާނަ ފުން ޖުމްލައެވެ. އޭނާގެ ހަރަކާތްތަކެވެ. ވިއްސައިރައިގެ ފިނިކަން ފަޒާގައި ހަރުލާފައި ހުއްޓެއްކަމަކު ޝަބާއަށް އޭނާގެ ނިތްކުރި ފޮހެލެވުނެވެ. ރަޒިއްޔާ އައިސްގެން އޭނާއަށް ގޮވީ މީކާއެވެ. ނާއިލުގެ ގާތަށް އައިސް ހުއްޓުނީ އޭނާގެ ފަހަތަށް ވާގޮތަށެވެ. ކުރިމަތިލާން ނުކުރިގެންނެވެ. ނާއިލު އާއި ހަތަރުކަޅި ބައްދަލު ކުރަން އެހިތް ވަނީ ބިރުގެންފައެވެ. ކުއްހީތަކެއްގައި އޭނާ ބަނދެވި މީހާ ހަނާވެދާނެކަމުގެ ބިރުގައެވެ.
“ޝަބާ… ޝަބާ…” ރަޒިއްޔާ ދެފަހަރަކު ގޮވާލި ފަހުން ކަންބޮޑުވެފައި ހުރި ޝަބާގެ ކަންފަތަށް އެއަޑުފޯރައިފިއެވެ. އަވަސް އަވަހަށް ރަޒިއްޔާ ބޭނުންވާ ކަމެއް އޮޅުން ފިލުވިއެވެ.
ތެލުން ކަފަތަށް ނެއްޓުމަށްފަހު ރަޒިއްޔާ، ނާއިލު ފޮނުވާލީ ފެންވެރުމަށެވެ. އަދި ކައިރީގައި ހުރި ބޭސްކޮތަޅުން ދިޔާހަކުރުހާ އޮލައެއްޗެއް ނަގާ ދެއަތްތިލާގައި ހާކާލުމަށްފަހު ކަފަގަނޑަކުން އަތްފޮހެލާފައި ފަތްޖެހި އެނދު ކައިރީ ހުރި ފެންތެލިން އަތްދޮވެލައިފިއެވެ. ދެން ލީލާއަށް ބަލާލަމުން ދުފަން ގެނެސްދިނުމަށް އެދުނެވެ. ޝަބާ ހުރި ފިޔަވަޅު މަތީގައި ހުއްޓާ މީކާ، ނާއިލު ގޮނޑިއަށް ލައިގެން ކޮޓަރިއަށް ގެންގޮސްފިއެވެ.
“ނަވާލު ދެކުނިންތަ؟” ފާޚާނާގައި އިން ނާއިލު ސުވާލުކުރީ މީކާ އާއިއެވެ.
“ނޫން، ހީވަނީ ކޮޓަރީގަހެން، ގޮވާލަން ބޭނުންވަނީތަ” މީކާ ބުންޏެވެ. އާދައިގެ މަތިން ދެމީހުންވެސް ވާހަކަދެއްކީ ސާފު އިނގިރޭސި ބަހުންނެވެ.
“ނޫން… މީކާ، ވާހަކައެއް އަހާލަންތަ، ފާހަގަކުރެވިފަ އޮތްކަމެއްވިއްޔާ ދޮގު ނަހަދާ އަހަރެން ކައިރީ ބުނައްޗޭ” ނާއިލުގެ ހިތުގައިވާ އުދާސްތަކުން ބައެއްވިޔަސް ބޭރުކޮއްލަން އޭނާ ބޭނުންވިއެވެ.
“ކޮންކަމެއް ފާހަގަވިތޯ ތިއަހަނީ، އޭރުންތާ ދޮގު ނަހަދާ ބުނަން އެނގޭނީވެސް” މީކާ ރަޙަމަތްތެރި ރާގެއްގައި ވާހަކަދެއްކިއެވެ.
“ނަވާ މިރަށަށް އައިފަހުން ވަރަށް ބަދަލުވެއްޖެހެން އަހަންނަށް ހީވަނީ، މީކާއަށް ހީއެއްނުވޭތަ” ނާއިލު ބުންޏެވެ.
“ތިބުނަނީ ކޮންކަހަލަ ބަދަލެއް” މީކާއަށް ނާއިލު ބުނަން އުޅޭ އެއްޗެއް ދޭހަނުވިކަހަލައެވެ.
“ދެން އަޅާނުލާ… އެވާނީ މަށަށް ހީވާ ގޮތެއްކަމަށް” ނާއިލުގެ ހިތަށްއެރި ގޮތަށް ކިޔާދޭން އޭނާ ޖެހިލުންވީއެވެ.
ފަތްޖެހި އެނދުގައި ގަދަމުށިކުލައިގެ ސޯޓުގައި އިން ނާއިލުގެ އިސްތަށިގަނޑު ނިތްކުރި މަތިން ރީތިކޮއްލަ ދިނުމަށް އޭނާ އެދުނީ މީކާގެ ގާތުންނެވެ. އެވަގުތު ރަޒިއްޔާ މީކާއަށް އަންގާލީ ފަތްޖެހި އެނދުގައި ނާއިލު އުއްޑުން ބޭއްވުމަށެވެ. އަދި ނާއިލުގެ ހަތަރެސްފައިގައި ވަކި ވަކިން ތެޔޮ ދަމަން ރަޒިއްޔާ ތައްޔާރު ވެލިއެވެ. ރަޒިއްޔާ އޭނާގެ މަސައްކަތް ކުރިއަށް ގެންދިޔައިރު ޝަބާ ހުރީ ރަޒިއްޔާގެ ހަރަކާތްތަކަށް ފަރުވާވެ ބަލާށެވެ. ތެޔޮ ދަމަމުން ދިޔައިރު ރަޒިއްޔާ ބޭސްވެރިކަމުގެ އެކި ވާހަކަތައް ކައިރީގައި ތިބި މީހުންނަށް ކިޔައިދެމުން ދިޔައެވެ. އަދި ނާއިލުއަށް ހިތްވަރު ލާދެމުންދިޔައެވެ. އޭނާގެ ހަތަރެސްފައި މަސައްކަތް ކުރެވޭތޯ އުޅެންވީ ވަގުތު ޖެހުނީ ކަމުގައި ރަޒިއްޔާ ބުންޏެވެ. މިކަމުގައި ނާއިލުގެ އެހީތެރިކަމާއި އޭނާގެ ހިތްވަރު ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށް ރަޒިއްޔާ ބުނަމުންދިޔައެވެ. އެހެންނަމަވެސް ނާއިލުއަށް އެއަޑު އިވޭހެނެއް ހިޔެއްނުވެއެވެ. މީކާ އުއްޑުން ބާއްވާފައި އޮތް ނާއިލު، ރަޒިއްޔާގެ ބުނުމަށް ބަންޑުން ބޭއްވިއެވެ. އަދި ބުރަކަށީގައި ދެކޮޑާއިއެކު ރަޒިއްޔާ ތެޔޮ ދަމަމުން ދިޔައެވެ. އެއްވެސް އެއްޗެއް ނުބުނެ ނާއިލު އޮތެވެ. އޭނާ ކުރަންވީ ކަސްރަތުތަށް ރަޒިއްޔާ ކިޔާދިންއިރު، މީގެ ކުރިން ޑަކްޓަރުވެސް ވަނީ ހަމަ އެފަދަ ކަސްރަތުތަކެއް ކުރުމަށް ނަޞޭޙަތްތެރިވެފައެވެ. ދެތިން ފަހަރަށް ރަޒިއްޔާ، ޝަބާގެ ގާތުން އެކަސްރަތުތައް ނާއިލު ލައްވާ ކުރުވުމަށް އެދުނެވެ. ގޭތެރެ ހަމަހިމޭންވީ ރަޒިއްޔާ ނުކުމެގެން ދިއުމުންނެވެ. ލީލާ ފެންތެލި އުކާލުމަށްފަހު ނާއިލުގެ ގައިން ނެއްޓި ކަފަތަށް އަޅާފައި ހުރި ކޮތަޅު ގެންގޮސް ގޯންޏަށް ލާފައި ހިނގައިގަތީ ގޭތެރެއަށް ވަނުމަށެވެ. ނީލް ފަތްޖެހި އެނދު ކައިރީ ހުރި ޕްލާސްޓިކު ގޮނޑި ނާއިލުގެ ބޯ އޮތް ދިމާލަށް ގެނެސް ބަހައްޓާލަމުން އޭގައި އިށީނެވެ. މީކާ ލައިގެން ހުރި ޖިންސުގެ ދެޖީބަށް އަތްޖަހައިލައިގެން ނީލްގެ ހަރަކާތަކަށް ބަލަން ހުއްޓެވެ. އެތަނުގައި ހުންނަން ނުކެރިގެން ޝަބާ ހިނގައިގަތީ މައިގެ އާއި ދިމާލަށެވެ. އޭރުވެސް ރަޒިއްޔާ ތައްޔާރުކޮއްފައި ދިން ތެޔޮފުޅި އަތުގައި އޮތެވެ.
އިރުއޮއްސުމުގެ ކުރިން ދުނިޔެމަތި އަނދިރިކޮއްލީ ބޯކުރަމުން އައި ކަޅު ވިލާތަކުންނެވެ. ވަރުގަދަ ކޮޅިގަނޑެއް އަންނަން އުޅޭކަމުގެ ނިޝާންތައް މިހާރުވެސް ދައްކާލަން ފަށައިފިއެވެ. ވަޔާއިއެކު އެނބުރެމުން މައްޗަށް އަރާ ފަތްތައް މަގުމައްޗަށް ނުކުންނަން ހުރި ގޭޓުކައިރީ މަޑުކޮއްލައިގެން ހުރި ޝަބާއަށް ފެންނަމުންދެއެވެ. މެޔާ ދިމާލުން ދެއަތް ހުރަސްކޮއްލައިގެން ހުރީ ހަށިގަނޑަށް އިޙްސާސްކުރެވޭ ފިނިކަން ކުޑަކުރެވޭތޯއެވެ. މަގުމަތިން އެއްވެސް މީހަކު ނުފެނެއެވެ. ކުރިމަތީގައި ހުރި ގެއަކީ ކަންމައްޗަށް ވާގޮތަށް ނަގާފައި ހުރި ގެއަކަށްވާތީ އެގޭގެ ދޮރު ހުރީ އަނެއްމަގަށް ކަނޑާފައެވެ. ޝަބާއަށް ސިހުން ލިބުނީ އެގޭގައި ހުރި ބޮޑު ބަނބުކެޔޮ ގަހުން ބަނބުކޭލެއް ވެއްޓި ފުރާޅުގައި ޖެހުނު އަޑަށެވެ.
“ކޮން އަޑެއް” ފަހަތުން ލީލާ އައިކަން ޝަބާއަށް އެނގުނީ ދެނެވެ.
“މިހިރަ ގޭން ބަނބުކޭލެއް ވެއްޓުނު އަޑު” ޝަބާ ބުނެލިއެވެ.
“ކީއްވެފަ ތިހިރީ، ފިންޏެއްވެސް ނުވޭތަ، ނަސީބެއްކަންނޭގެ ބިންގަނޑު ތެމިފަ އޮތްކަން، އެހެންނޫނީ މިވަރަށް ވައިޖެހޭއިރު ހީވާނީ ވެލީގެ ތޫފާނެއް އައިސްދާނެހެން، މާދަމާ ހެނދުނު މިހިސާބު ހުރިހާ ގޭގެ ގަސްތަކުގެ ފަތް އޮންނާނެ ގޯތިތެރެއަށް އެޅިފަ” ލީލާ މަގުގެ ދަފަރާތަށް ބަލާލަމުން ބުނެލިއެވެ.
“އެއީ އެވަރު ކަމެއްނޫނެންނު، މާލޭގަ އުޅޭއިރު މިގޮތަށް ކުނިކަހާލާނެ ފުރުޞަތެއް ނުލިބޭނެ، އަހަރެން ހެނދުނުން ނުކުމެ ކުނި ކަހާލަފާނަން” ޝަބާ އޭނާގެ ހިތާ ސިކުނޑިގައިވާ އުދާސްކަން ފޮރުވަމުން ވާހަކަދެއްކިއެވެ.
“ތީވެސް ތެދެއް، އެކަމަކު ދެން ޝަބާ ކުނި ކަހާނެ ކަމެއްނެތް، ދެން ހިނގާ އެތެރެއަށް” ލީލާ، ޝަބާގެ އަތުގައި އަތްޖައްސާލަމުން ބުނެލިއެވެ. ޝަބާވެސް ދެކޮޅު ހެދުމެއްނެތި އައިސް ގޭތެރެއަށް ވަދެ ދޮރު ލެއްޕިއެވެ. ވަޔާ ވިއްސައިރައިގެ އަސަރު ގޭތެރެއަށް ކޮއްފާނެތީއެވެ. އޭރު ގޭގެ ބިއްދޮށަށް ނުކުންނަން ހުރި ދޮރުވަނީ ލައްޕާފައެވެ.
ރޭގަނޑުގެ ކެއުމުގެ ވަގުތު ޖެހުނުއިރުވެސް ކޮޓަރިއަށް ދާން ބޭނުންނުވެފައި ނާއިލު ސިޓިން ރޫމުގައި އިނެވެ. މީކާ، ނާއިލު ގެންގޮސް ކާމޭޒާއި ކައިރިކޮއްލާފައި ޝަބާއަށް ބަލާލިއެވެ. ނުކެރިފައި ހުރެވެސް ޝަބާ ބޯޖަހާލީ މީކާ ބުނަން އުޅުނު އެއްޗެއް އެނގިގެންނެވެ. ފަހަކަށް އައިސް ނާއިލުއަށް ކާންދެނީ ޝަބާއެވެ. އެހެންވެ މިރޭވެސް އޭނާ މަސައްކަތް ކުރީ އެކަން އެންމެ ފުރިހަމައަށް ކުރެވޭތޯއެވެ. ކާމޭޒު ދޮށުގައި ނާއިލުގެ ކުރިމައްޗަށް ވާގޮތަށް ނަވާލު އިށިން ވަގުތު ޝަބާގެ އަތުން ނާއިލުގެ ތައްޓަށް ލުމަށްނެގި ސަމްސާ މޭޒުމައްޗަށް ވެއްޓުނެވެ. އިތުރު ހީތަކަކަށް މަގުފަހިވެގެން ދިޔަ ކަމެއްގެ ގޮތުގައި އެކަން ވެގެންދިޔައެވެ. އެހެންނަމަވެސް ޝަބާއަތުން ސަމްސާ ދޫވީ ވަކި ނަވާލު ފެނިގެނެއްނޫނެވެ.
“ކިހިނެއްތަ މިވަނީ… ސަމްސާވެސް މިވަގުތުތަ ވެއްޓެންވީ، މިހުރިހާ ކަމަކީ ނަވާލުގެ ކަންތައް، އޭނަގެ ބޭނުމަކީ ކޮބާބާ…” ޝަބާގެ އަމިއްލަ ޒަމީރާ ހިމޭންކަމުގެ ދުލަކުން ވާހަކަދެއްކިއެވެ. އަދި ކުރިމަތީގައި އިން ނަވާލަށް ނުބަލާވޭތޯ އޭނާ މަސައްކަތް ކުރިއެވެ. އަނެއްކޮޅުން އޭނާއަށް ނާއިލު އާއިވެސް ހަތަރުކަޅި ހަމަކޮއްލާކަށް ނުކެރުނެވެ.
މަޑުމަޑުން އިނދެ އަނގަޔަށް ލަވާ ބަތްސަމްސާ ނާއިލު ކަމުންދިޔައެވެ. އެކަކުވެސް މިރޭ ކާމޭޒުމަތީ ވާހަކަދައްކާ ތަނެއް ނުފެނުނެވެ. ނީލްގެ ނަޒަރުވަނީ ނަވާލަށް ހުއްޓާލެވިއެވެ. އެހަމަ ހިމޭންކަން އިތުރަށް ޝަބާއަށް އުނދަގޫކުރިވިއެވެ.
(ނުނިމޭ)