“ވަފިއްތާ، ހެނދުނު ބެލްކަންޏަށް ނުކުމެ ހުއްޓަ ސަމީރާގެ ކޮއްކޮ ޝަރުމީލާ މަށަށް ގޮވާލާފަ އެވާހަކަ ކިޔާދިނީ، ކީއްވެތަ އަހަރުމެންނަށް އަންގާނުލީ، އަހަންނަށް އެނގޭ ޝަރުމީލާ އެވަރުގެ ބޮޑުދޮގެއް ނަހަދާނެކަން، އަޅެ ބުނެބަލަ، ވަފިއްތަ ހަމައަސްލުވެސް ތިއުޅެނީ ޝަބާގެ ކައިވެނި އެގޭ ކުއްޖަކާ ކުރުވަންތަ؟” ހިތްހަމަ ނުޖެހިފައި ހުރިގޮތަކަށް ފަރުޝާ ވާހަކަދެއްކިއެވެ.
“އާން، ތީ ތެދު ވާހަކައެއް، އެކަމަކު ތިހީކުރާހާ ބޮޑުކަމެއް ނޫނޭ އެއީ” ވަފިއްޔާ ކަމެއް ސިއްރުކުރާފަދަ ގޮތަކަށް ބުނެލިއެވެ.
“ޝަބާވެސް ގަބޫލުތަ އެކައިވެންޏަށް” ގަބޫލުނުކުރެވޭ ފަދަ ގޮތަކަށް ފަރުޝާއަށް އަހާލެވުނެވެ.
“އާން، އޭނަ ވަކި ގަބޫލުނުވާންވީ ސަބަބެއް އެބައޮތްތައް، އެމީހުންގެ ކައިވެނި މިހަފްތާތެރޭގަ ކުރެވޭނެ، ފަރުޝާ ތިހާ ހާސްވެގެން ގުޅާވަރުގެ ކަމެއްތަ މިއީ، އަހަރެން ހުރީ ޚަދީޖާއަށް ގުޅަންވެގެންނޭ، ދެން ފަރުޝާ ގޮސް ޚަދީޖާ ގާތު ފާޑު ފާޑުގެ ވާހަކަ ދައްކާނީއެއްނޫން” ވަފިއްޔާ ރުންކުރުގޮތަކަށް ބުނެލިއެވެ.
“ވަފިއްތައަށް ހަމަ ސާބަސް، ތީތަ ޝަބާދެކެ ލޯބިވާ ގޮތަކީ، އޭނަގެ ދިރިއުޅުން އެއްފަހަރު ބަރުބާދުވެގެން ދިއުމުން އެއަށްވުރެ ބޮޑު އަނދަވަޅަކަށް ވައްޓާލަން މިހާރު ތިއުޅެނީ، ތިކައިވެނިން ޝަބާއަށް ލިބޭނެ އެއްވެސް އުފަލެއް ނޯންނާނެ، ސަމީރާގެ އެދަރިއަކީ އިންނާނެ މީހަކު ނުވެފަހުރި ކުއްޖެއް، އެހެންނުވާނީ އަމިއްލަ ހާލައިގެން އުޅޭވަރުނުވަންޏާ، މަ ހަމަ އަޖައިބުވެ އަންތަރީސްވެއްޖެ ވަފިއްތަ ކަންތައްތިކުރި ގޮތުން، އަހަރެންވާ އެއްޗެއް ނުބުނެ ހުރެދާނަން، އެކަމަކު މުޅި ހިސާބުގަ އެވާހަކަ ދައްކަމުން ޝަރުމީލާ އެދުވަނީ، މަންމަގެ ކަންފަތާ ހަމައަށް މިވާހަކަ ފޯރާކަށް ލަހެއްނުވާނެކަން ޔަގީން” މިހެންބުނެ ފަރުޝާ ފޯނު ކަނޑާލީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ހުރެއެވެ.
* * * * * * * * *
ޝަބާގެ ކައިވެނިކުރާ ތާރީޙު ކައިރިވެފައިވުމާއިއެކު ސަމީރާވަނީ އޭނަގެ ގާތުގައި އޮފީހުން ޗުއްޓީ ނެގުމަށްބުނެފައެވެ. އަދި އޭނަ އާއިއެކު އެގޭގައި ގިނަވަގުތުތަކެއް ހޭދަކުރުމަށްވެސް އެދިފައެވެ. ޝަބާއަށް އޭނާގެ ކައިވެނި ކުރާ ރޭ ލާހެދުން ފެނުނީ ކައިވެނި ކުރަން އެއްދުވަހަށް ވެފައިވަނިކޮށެވެ. އެއީ ޢާފްގެ ކައިރިއަށް ހެދުން ހެޔޮވަރު ކުރުމަށްޓަކައި ދިއުމުންނެވެ. ދެތިންދުވަހުގެ މަސައްކަތާއި އަޅާބަލާއިރު އޭނައަކީ އެކަމަށް ވަރަށް ޤާބިލް ހުނަރުވެރި ފެހުންތެރިއެއްކަން ޝަބާގެ ހެދުމުން ސާބިތުވެއެވެ. އެފަދަ ރީތި ހެދުމެއް ދުވަހަކުވެސް ޝަބާ ނުދެކެއެވެ. އޭނަގެ ކައިވެނި ރާއިދު އާއި ކުރެވުނު ރޭވެސް އޭނަ ހުރީ ކައިވެނި ހެދުމުގައެވެ. ނަމަވެސް އެރޭ ޝަބާ ލައިގެން ހުރި ހެދުމާ ޢާފް އޭނައަށްޓަކައި ތައްޔާރުކޮއްދިން ހެދުމާއި އެތަށްކަމެއް ނުބައްދަލެވެ. އަޖައިބުވެ އަންތަރީސްވީ ސަމީރާގެ ގާތުގައި ޢާފު ހެދުމުގެ އަގުކިޔާލުމުންނެވެ. ގަސްދަކާއިނުލާ ޝަބާގެ އަނގަހުޅުވި ދެލޯބޮޑުވިއެވެ. ވާނީވެސް އެހެންތާއެވެ. ޢާފް އެހެދުމަށް ބައިލައްކައެއްހާ ރުފިޔާ ނުނަގާކަމެވެ. އެއްފަހަރުން މުއްސަނދިވާން އުޅެނީބާއޭ ޝަބާގެ ހިތަށްއެރިއެވެ. އަދި އެންމެ ހައިރާންވީ ސަމީރާ ޢާފް ބުނި އަގާއި ދެބަސްވުމެއްނެތި ވަގުތުން އަތްދަބަހުން ނެގި ކަޅުފޮތުގެ ތެރެއިން ޗެކެއް ލިޔެލާފައި ޢާފު އާއި ހަވާލުކުރުމުންނެވެ. ހެޔޮވަރުކޮއްގެން ނުކުތްގޮތަށް އަތުގައި އޮތް ހެދުމަށް ޝަބާއަށް ބަލާލެވުނީ އިޙްތިޔާރަކާއި ނުލައެވެ. އެވަގުތު ސަމީރާ ޝަބާއަށް ގޮވާލައިފިއެވެ.
“ޝަބާއަށް ހެދުން ކަމުދޭތަ، މަންމައަށް މިހެދުން ފެނުނީނަމަވެސް ޖަހަނީ ޝަބާގެ ގޮތް… ވަރަށް ގުޅޭ، ޢާފް މިހެދުމާ ދޭތެރޭ އަހަރެން މިހިރީ ވަރަށް ހިތްހަމަ ޖެހިފަ، އަން، މިއައީ ޢާފްއަށް ދައުވަތު ކާޑުވެސް ހިފައިގެން، ކޮންމެހެންވެސް ވާނެ މާދަމާރޭ އަންނަން” ސަމީރާ ހިތްހަމަޖެހިލައިފައި ހުރެ އެއްފަހަރާ ދެމީހުންނާއި ވާހަކަދެއްކިއެވެ. ޝަބާ ހިނިތުންވެލުމާއިއެކު އާއެކޭ ބުނީ ބޮލުގެ އިޝާރާތުންނެވެ. ޢާފްވެސް ހިނިތުންވެލައިގެން ހުރެ ސަމީރާ ދިއްކޮއްލި ކާޑުގައި ހިފައިފިއެވެ.
“ޢާޕް ދާންވާނެ ޝަބާ ތައްޔާރުކޮއްދޭން، ތިއޮތީ ތިބުރުގާ އޮތްގޮތް، އަހަރުމެންނަކަށް ނޭނގޭނެ ތިއެއް އަޅުވާކަށް” ޢާފް ޝަބާގެ އަތުން ހެދުން ނެގުމުން ސަމީރާ ބުނެލިއެވެ.
“ސަމީރާމެން ބޭނުންވެލައްވާ ގޮތެއް އެކަމުގައި އޮތީ، އެހެންވީމަ އަޅުގަނޑު ތިގެއަށް ތަންކޮޅެއް ކުރިން ދާނަން އެނގޭތޯ” ޢާފް ހުރީ އޭނައަށް ލިބުނު ފައިދާގެ ބޮޑުކަމުން ވަރަށް ހިތްހަމަޖެހިލާފައެވެ.
ގޭތެރޭގައި އަސްލަމް ފޯނުގައި ހުންނެވިއިރު ނަވާލް އާއި ނީލްގެ ބިޒީކަންވެސް ކުޑައެއްނޫނެވެ. ކޮންމެ މީހަކު ފޯނު ކަންފަތުގައި ޖަހާލައިގެން ތިބެ މާދަމާރޭގެ ކައިވެންޏަށް ހަމަޖައްސަންޖެހޭ ހުރިހާ ކަމެއް ނިންމަމުން ދިޔައެވެ. ނީލް ފޯނުގައި ހުރިއިރުވެސް ދޭތެރެއަކުން ބަލާލެވެނީ ބޮޑުކޮޓަރީގެ ދޮރާދިމާލަށެވެ. އޭނާ ކަމަކަށް ނޫނީ މީހަކަށް އިންތިޒާރު ކުރާކަހަލައެވެ. އެކަން އެހެންމީހަކަށް ފާހަގައެއް ނުކުރެވުނެވެ. ކުއްލި ސިހުމަކާއިއެކު އަތަށް އެގެނައި ހަރަކާތާއިއެކު ނީލްގެ މޫނުމަތި އުޖާލާވެގެން ހިނގައްޖެއެވެ. އޭނާގެ ހުރިހާ ސަމާލުކަމެއް އެއްދިމާލަކަށް ހުއްޓުވާލީ ބޮޑުކޮޓަރީގެ ދޮރުން ވަދެގެން އައި ސަމީރާއެވެ. ނޫނެކެވެ. އޭނަ އިންތިޒާރު ކުރަމުން އައީ ސަމީރާއަކަށް ނޫނެވެ. ސަމީރާގެ ފަހަތުން ބިރުން ކަހަލަ ގޮތަކަށް ހުރެގެން ލަސްފިޔަވަޅުތަކެއްގައި ވަދެގެން އަންނަ މަޑުމައިތިރި އަންހެންކުއްޖާއަށެވެ.
“މީތަ ޝަބާ…” ސަމީރާގެ ކުރިމަތީ ހުއްޓުނު ނީލް މިހެންބުނެ ބޮލާއި އަތުން ޝަބާ އާއި ދިމާލަށް އިޝާރާތްކޮއްލިއެވެ.
“ހޫމް، މީ ނީލް ބައްދަލުނުވެގެން އުޅުނު ޝަބާއަކީ، ޝަބާ، މީ ނީލް، މަންމަ ބުނީމެންނު ނީލްގެ ވާހަކަ، ހުރިހާކުދިންގެ ބޭބެ މީ” ސަމީރާ އެނބުރި ޝަބާ އާއި ނީލް ތަޢާރަފްކޮއްދިނެވެ.
“އައްސަަލާމް ޢަލައިކުމް ވަރަހައްމަތުއްﷲ ވަބަރަކާތު” ނީލްއަށް ޝަބާ ފުރަތަމަ ފެނުމުންވެސް އެއަންހެން ކުއްޖާ އާއި މުޚާޠިބު ކުރާނެގޮތް އެނގިގެންދިޔަކަހަލައެވެ.
“ވައަލައިކުމުއް ސަލާމް ވަރަހައްމަތުއްﷲ ވަބަރަކާތު” ޝަބާ ނީލްގެ ސަލާމް ބަލައިގަތީ ހިނިތުންވެލަމުންނެވެ. ނީލް ކައިވެންޏަށްޓަކައި ޝަބާ އާއި ނާއިލްއަށް ގެނެސްފައިވާ އެއްޗެހީގެ ދިގު ލިސްޓެއް އަމުނާލިއެވެ. އޭނަ އާއި ސަމީރާގެ ހިޔާލު ވަރަށް އެއްގޮތްވުމާއިއެކުހެން އޭނައަށްވެސް ނާއިލްގެ ވާންއުޅޭ އަނބިމީހާ ކަމުދިޔައެވެ. ކޮއްކޮއެއްގެ ހައިސިއްޔަތުން ޝަބާއާއި ވާހަކަދައްކަމުން ނީލް ދިޔައެވެ. އޭނަގެ ހިތްހެޔޮ މިޒާޖު ޝަބާއަށް ކަމުދިޔަކަމަކު އެކަން އޭނަގެ މޫނުމައްޗަކުންވެސް އަދި ހަރަކާތަކުންވެސް ނުދައްކައެވެ. އޭނަ ހުރީ އޭނާގެ ގޮތުގައެވެ. ދުލުގައި ތަޅެއްލެވިފައިވާ މީހަކުފަދައިންނެވެ. ދޭތެރެއަކުން ތުންފަތަށް ވެރިކުރުވަމުންދާ ހިނިތުންވުމުން ހުރިހާ ކަމަކަށް ޚައްލު ހޯދަމުން އޭނަ ދިޔައެވެ.
ކައިވެނީގެ ތައްޔާރީތައް ނިމެމުންދިޔައިރު ޝަބާގެ ކަންފަތާއި ހަމައަށް ވަރަށް ހައިރާން ކުރުވަނިވި އަޑުތަކެއް ފޯރަމުންދިޔައެވެ. ޝަބާ އާއި ދެބެންގެ ދެދަރިކުދިން އުޅެނީ ސަމީރާ މެންގޭ ކައިރީ ކަމުގައި ވުމާއިއެކު، އެމީހުންވެސް ދޭތެރެއަކުން އައިސް އެގެއަށް ވަދެލާތަން ޝަބާއަށް ފެނެއެވެ. އެމީހުންގެ އެހީތެރިކަން ލިބެމުންދާތީވެ ސަމީރާ ހުރީ ހިތްހަމަޖެހިފައިކަން ޝަބާއަށް އެނގެއެވެ. ވަފިއްޔާ ސަމީރާގެ ފަހަތުން އުޅޭއިރު ހީވަނީ އެއީ އޭނާގެ ނިގޫހެންނެވެ. ދާކޮންމެ ދިމާލަކަށް އޭނަ އާއިއެކު ދެއެވެ. މިތަންފެނި ދެފަރާތަށް ބޯހޫރުވާލި ޝަބާ އެކަހެރިވެލުމުގެ ގަސްދުގައި މަގުމައްޗަށް ނުކުތްވަގުތެވެ. އަނެއްކާވެސް އޭނަގެ ކަންފަތުގައި ޖެހުނީ ކުރިންވެސް އޭނަ އަށް އަޑުއިިވިފައިވާ ވާހަކައެވެ. ތަންކޮޅެއް ދުރުގައި ބޮނޑިވެގެން ތިބި ދެތިން މީހުން ދައްކަމުން ދިޔަ ވާހަކައަށް ޝަބާގެ ކަންފަތް ހުޅުވާލެވުނީ މިފަހަރު އެމީހުން އެވާހަކައެއް ދައްކާނީ ކޮންގޮތަކަށްބާއޭ ހިތަށްއެރިވަރުންނެވެ. ސިއްރުން އެތާތިބީ ކޮންބައެއްތޯ އޭނަ ބަލާލިއެވެ.
“މަށަކަށް ނޭނގެ، މަންމައެންނު އެކަމެއް އެކުރުވަނީ” އެތަނުގައި ހުރި ޝަބާގެ ދޮންތަ ޝާނީ ބުންޏެވެ.
“ޝަބާއަކަށް ނޭނގޭތަ އެއީ ނުކުޅެދޭ ފިރިހެނެއްކަމެއް” ޝަބާގެ ދެބެންގެ ދެދަރި ދައްތައެއް ކަމަށްވާ ހަނާ އެތަނުގައި ދެންތިބި ބަޔަކުކައިރީ އެހިއެވެ.
“އަހަރެން ވަފިއްތައަށް ގުޅިން، ވަފިއްތައަށް ހުރިހާ ކަމެއްވެސް އެނގޭ، ޝަބާވެސް ފައިސާއަށް ވިކި ހުސްވީކަންނޭގެ، ވާންއުޅޭ ފިރިމީހާއަކީ ކޮންމެހާލެއްގަ ހުރި މީހަކަށްވިޔަސް މުޅި އުމުރު އުފަލުގައި އުޅެވޭ ވަރަށް ފައިސާ އޮތް މީހެއްވިއްޔަ، އެދެމައިންނަށް އެއުޅެނީ އެހެންވެގެން…މަށެއްވާ ނުބުނާނަން އެކައްޗެއްވެސް، މަ މިހާރު މިހިރީ ކުޅިބަލަންވެގެން، ކިހާ އަވަހަކާތޯ އެދެމީހުން ވަރިވަނީ” ފަރުޝާ ބުންޏެވެ.
“ދަރި ނީލަން ކީ ކަންނޭގެ އެންނު، އެހެންޏާ ފަހެ ޝަބާގެ ދިރިއުޅުން އެ ހަލާކު ކޮއްލަނީ އޭނަ މިދުނިޔަށް އުފަންކުރި މައިމީހާ ވިއްޔަ، އެކައިވެނި ކުރުވާއިރު ހިތަށް ރަޙުމުވެސް ނުވަންކަން، ޝަބާއަށް އެދެވެނީ ކިހާ ބޮޑު ދެރައެއް” ފަރުޝާގެ ރަޙުމަތްތެރި ޝަޒްލީން ބުންޏެވެ. އޭނައަކީ ގޭކައިރި އަވަށްޓެރިއެކެވެ.
“ދެންހެޔޮ، ކޮންމެގޮތެއްވިޔަސް އެއީ އަހަރުމެންގެ ކޮއްކޮ، އެކަމަކު މަންމަ ކުރާކަމެއް ހުއްޓުވާކަށްވެސް ބޭނުމެއްނޫން، ރަނގަޅުވާނީ އެކަކުވެސް އެކަމާ އަޅާނުލިއްޔާ” ޝާނީ ހުރެފަ ބުންޏެވެ.
މިއަޑުތަށް އަހަންހުރި ޝަބާގެ ސިކުނޑީގައި މިފަހަރުވެސް ޖަވާބުނޭނގޭ ސުވާލުތަކެއް އެނބުރިގަތެވެ. އޭނަ މަޑުމަޑުން ދޮރުން އެތެރެއަށް ޖެހެމުން ޖެހެމުންގޮސް ގޭތެރެއަށް ވަނީ އޭނަގެ ދައްތަމެންނަށް ނޭނގޭނޭ ހެންނެވެ.
“އެމީހުން އެފަދަ ގޮތަކަށް ދެކެންވީ ކީއްވެ، މަންމަ އަހަންނަށް ދެރައެއްދޭންވީ ކީއްވެ، ސަމީރާމެން މަންމައަށް ފައިސާތަކެއް ދިންތަނެއް އަހަންނެއް ނުދެކެން، އަހަންނަކީ އެއްވެސް އިރެއްގައި ފައިސާ އާއިހެދިގެން ތަންދޮރުއޮޅިފައިވާ މީހެއްނޫން، ބަލިމީހުން އިންނަ ކަހަލަ ގޮނޑިއެއްގައި ނާއިލް އިނުން އެއީ ނުކުޅެދޭމީހަކަށް ވުމެއްނޫން، އެކްސިޑެންޓުވެގެން ފޮރުޅުލީ ގޮނޑީގައި ބައެއްމީހުންނަށް އުޅެން ޖެހޭ، އެކަމަކު އެކަން ރަނގަޅުވުމުން އެގޮނޑީގެ ބޭނުން އެކެނޑުނީ، އަނެއްކާ އެމީހުން އަހަރެން ބިރުގަންނުވަން ދައްކާ ވާހަކައެއްތަ އެއީ، އަހަންނަށް އެނގޭ މަންމަ އަހަންނަށް އެހާ ރަނގަޅެއް ނޫންކަން، އެކަމަކު އެމީހުން އެބުނާފަދަ ގޮތެއް ނުހަދާނެ، ދެން ނޭނގެ… މިކަމާ ވިސްނިވަރަކަށް އިތުރަށް ހާސްވުން ނޫންކަމެއްނުވާނެ… އެކަމަކު މިއަދު މިހާރު ތިންވަނަ ފަހަރަށް މިއަޑުއިވުނީ ނާއިލްއަކީ ނުކުޅެދޭ މީހެކޭ ބަޔަކު ބުނާތީވެ…” ޝަބާގެ ސިކުނޑިއަށް އަރާފައިބަމުންދިޔަ ހިޔާލުތަކުގެ ސަބަބުން މީހާ ހާސްވެފައި ހުއްޓާ އޭނަގެ ފުރަގަހުން ކޮނޑުގައި މީހަކު އަތްލުމާއިއެކު ދިޔައީ ސިއްސައިގެންނެވެ.
“މަށޭ، ޝަރުމީލާ… މިހާ އަވަހަށް ނާއިލްގެ ހިޔާލުތައް ކުރަންފެށީތަ، އަދި މިއުޅެނީ އޭނަގެ އަންބަކަށް ނުވެގެން” ޝަރުމީލާގެ އަޑުގައި އެއްގޮތަކަށްވެސް ހިތްހެޔޮކަމެއް ނެތެވެ. ޝަބާ ރަކިގޮތަކަށް ހިނިތުންވެލުމާއިއެކު އިސްޖަހާލިއެވެ.
“ދައްތަ އެބަ ހޯދާ…” ޝަރުމީލާ ޝަބާއަށް ވީގޮތް ބަލަން ހުރެފައި ބުނެލިއެވެ.
ސަމީރާގެ ކޮޓަރިއަށް ޝަބާ ވަންއިރު އޭނައިނީ އެކަންޏެވެ. ޝަބާ ފެނުމުން ކޮޓަރީގައި ހުރި ސޯފާގެ އެއްފަރާތުގައި އަތްޖަހާލަމުން އެތަނުގައި އައިސް އިށީނުމަށް އިޝާރާތްކޮއްލިއެވެ. ސަމީރާ ވަރަށް ވިސްނައިގެން އިނދެ އަތުގައި އޮތް ބޮޑު ކާޑު ބޮނޑިން ވަކި ކާޑުތަކެއް ނަގާ އޭނަގެ ކައިރީ އެއްފަރާތުގައި ބަހައްޓަމުންދިޔައެވެ.
ޝަބާ އިށީނުމާއިއެކު ސަމީރާ އޭނަގެ ފައިކައިރީ ސޯފާގައި ބަހައްޓާފައި ހުރި ކާޑުތަކުން ދެތިން ކާޑެއް ނަގާ ޝަބާއަށް ދިއްކޮއްލައިފިއެވެ. ސަމީރާގެ އެހަރަކާތުން ދެނެގަންނަންވީ އެއްޗެއް ނޭނގިފައި އިނދެ ޝަބާ އެކާޑުތަކުގައި ހިފާލަމުން ސަމީރާއަށް ބަލާލިއެވެ.
“މަންމައަށް އެނގޭ ޝަބާގެ ރަޙުމަތްތެރިން ތިބޭނެކަން، މިތާ މިހިރީ ވަކި މީހަކަށް އެޑްރެސް ނުކުރާ ކާޑުތައް، ޝަބާ ބޭނުންވަރަކަށް ގެންދޭ، ޝަބާގެ ރަޙުމަތްތެރިންނަށް ދަޢުވަތުދީ…” ހިނިތުންވެލަމުން ސަމީރާ ބުންޏެވެ. ނަމަވެސް ޝަބާ އޭނާގެ އަތުގައި އޮތް ކާޑުތަކަށް ބަލާލީ އެއީ އޭނައަށް މުހިއްމު ކާޑުތަކެއް ނޫނޭ ބުނާފަދަ ގޮތަކަށެވެ. އެއްޗެއް ނުބުނެ ޝަބާ އިންނަން ފެށުމުން ސަމީރާ، އޭނާ ގެންގުޅުނު ކާޑުތައް އެއްފަރާތެއްގައި ބަހައްޓާލަމުން ކުޑަކޮށް ޝަބާ އާއި ދިމާލަށް އެނބުރި ޝަބާގެ އަތުގައި އަތްބާއްވާލަމުން އަނެއްއަތުން ޝަބާގެ ކޮނޑުގައި ފިރުމާލިއެވެ.
“ތީ މިހާރު މި މަންމަގެ ދަރިއެއްފަދަ ކުއްޖެއް، ކަމަކާ ކަންބޮޑުވާނަމަ އެކަމެއް މަންމަ ގާތު ބުނެބަލަ، މަންމައަށް ޝަބާގެ މަޑުމައިތިރިކަން ކަމުނުދަނީއެއްނޫން، އެކަމަކު މިދެދުވަހު ފެންނަނީ ޝަބާ މާބޮޑަށް ފިކުރުބޮޑުވެ ދެރަވެފައި ހުންނަތަން، އެހެންމީހަކަށް އެކަން ފާހަގަ ނުކުރެވުނަސް މަންމައަށް އެކަން ވަރަށް ބޮޑަށް ފާހަގަ ކުރެވިގެން މިހެން އަހާލަން މިޖެހުނީ، ބުނެބަލަ، ތިހިތާ ސިކުނޑީގައިވާއެއްޗެއް މަންމައަށް ކިޔާދީބަލަ” ސަމީރާ ފިރުމަމުން ވާހަކަދެއްކިއެވެ.
ނާއިލް އާއި ގުޅިގެން އޭނައަށް އިވޭ އަޑުތަކުގެ ހަގީގަތް އޮޅުންފިލުވުމަށް ސަމީރާއަށްވުރެ ރަނގަޅު އެހެންމީހަކު ކޮބާހެއްޔެވެ. ޝަބާގެ ހިތުގެ ހިނގުންއަވަސްވެގެންދިޔައެވެ. ހިންދިރުވާލުމާއިއެކު ދޫހަރަކާތްކުރިއެއްކަމަކު އަޑެއްނުނިކުތެވެ. މާނަފުން ބަލާލުމަކުން ސަމީރާ އާއި ދިމާލަށް ބަލަހައްޓައިގެން އިނުން ނޫންކަމެއް ޝަބާއަށް ނުވިއެވެ.
“ޝަބާ..” ސަމީރާއަށްވެސް ޝަބާ އެއްޗެއް ބުނަން އުޅުނުހެން ހީވެ އޭނާގެ ނަންކިޔާލީ އަވަހަށް ބުނާށޭ ބުނާފަދައިންނެވެ. މަޑުމަޑުން ޝަބާ ދެފަރާތަށް ބޯހޫރާލީ ކަމެއްނުވެއޭ ބުނުމުގެ ގޮތުންނެވެ. އަދި އިސްޖަހާލުމާއިއެކު އޭނަ ވިސްނަމުންދިޔައީ އޭނަގެ ސުވާލުތަކުގެ ސަބަބުން ސަމީރާ ހިތްހަމަނުޖެހިދާނެތީއެވެ. ވަފިއްޔާ އާއި ހަމައަށް ޝަބާގެ އެއްވެސް ޝަކުވާއެއް ދިއުމީ އޭނަ ބޭނުންވާގޮތެއްނޫނެވެ. މަޑުމަޑުން ސަމީރާ، ޝަބާ ގެނެސް ގަޔާކައިރިކޮއްލުމާއިއެކު ޝަބާގެ ގައިގާ ހިފަހައްޓާލިއެވެ. ހިމޭންކަމުގެ ތެރެއިން ސަމީރާގެ އެހަރަކާތުން ޝަބާގެ ހިތާ ސިކުނޑިއަށް ފިނިކަމެއްލިބިގެންދިޔައެވެ. އޭނާގެ މަންމަ ދުވަހަކުވެސް އެފަދަ ގޮތަކަށް ގާތްކޮއްލާފައެއްނުވެއެވެ. ސަމީރާގެ ހިތްހެޔޮކަމާއި އޭނާގެ އޯގާތެރިކަން ޝަބާގެ ސުވާލުތަކަށް ހުރަސްއެޅިއެވެ. އޭނައަށް މަޖުބޫރުވީ ހިތާ ސިކުނޑީގައިވާ ކިލަނބުކަން ފިލުވާލާ ވިސްނުން ބަދަލުކޮއްލުމަށެވެ. އެއްވެސް މަޔަކު އޭނާގެ ދަރިންނަށް ދެރަގޮތެއް ވާކަށް ބޭނުމެއްނުވާނެއެވެ. ދަރިންނަކީ އެމީހުންގެ ދިރިއުޅުމުގެ އުފާވެރިކަން ކަމުގައިވެދެއެވެ. އެދަރިންގެ ހިތާމަ ތަކާއި އުފާތަށް ޚިއްޞާ ކުރާ ހަމައެކަނި ބަޔަކީވެސް މައިންބަފައިންނެވެ. ވީއިރު ޝަބާގެ މަންމަ އޭނާއަށް ދެރައެއްނުދޭނެއެވެ. މިކަން ޝަބާގެ އަމިއްލަ ޒަމީރަށް ވިސްނާދެމުން އޭނާ ދިޔައެވެ.
“އަޅުގަނޑުގެ ހުންނަނީ އެންމެ ރަޙުމަތްތެރިއެއް، އޭނައަށް ކިޔަނީ ނީރާ، އަޅުގަނޑުގެ ކައިވެނި ކުރެވޭ އިރު އެންމެ ގާތުގައި ހުންނަ މީހެއްގެ ގޮތުގައި އަޅުގަނޑު ބޭނުން އޭނަ ބަހައްޓަން…” ޝަބާއަށް ވާހަކަދައްކަން ހިތްވަރު ލިބުނީ ކިހިނެއްކަމެއްނޭނގެއެވެ. މިވަގުތު އޭނަގެ ދިރިއުޅުމުގައި ހުރި ހަމައެކަނި ޚާއްޞަމީހަކީ ނީރާކަމަށްވީމަ ލިބުނު ހިތްވަރެއްކަމަށްވެސް ވެދާނެއެވެ. ޝަބާގެ ނަފްސަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކަށް މިހާރުވާނީ ނީރާއެވެ.
“އެހެން ބުނަންތަ ޝަބާ ބޭނުންވީ، ތީ އެވަރުގެ ކަމެއްނޫނެންނު، މާދަމާ ހެނދުނުން މަންމަ ދާނަން ދަރިފުޅު ބަލާ، ޝަބާގެ ހުރިހާ އެއްޗެއް ތައްޔާރުކޮއްފަ ބަހައްޓައްޗޭ، ހެނދުނުން މިގެއަށް އެއްކޮށް ބަދަލުވާނީ، ދެން ދާނީ ޝަބާގެ ރަޙުމަތްތެރިޔާ ބަލާ، މާދަމާގެ ހުރިހާ ވަގުތެއް ޝަބާގެ ރަޙުމަތްތެރިޔާ ހޭދަކުރާނީ ޝަބާ އާއިއެކު، އެގޮތް އެންމެ ރަނގަޅެންނު، ދެން ހާސްވެފަ ނީނދޭ، މިހާރު ތިހިރީ ވަރުބަލިވެސް ވެފަކަން ޔަގީން، މަންމަ ދާޢޫދު ގާތު ބުނާނަން ޝަބާ ގެއަށް ލާދޭށޭ” ސަމީރާއަށް ޝަބާގެ އަޑުއިވުމުން ހިތްހަމަޖެހުނެވެ.
ޝަބާ އާއިއެކު ސަމީރާވެސް ގޭގެ ދޮރުކައިރިއަށް ނުކުތެވެ. ޝަބާ ކާރަށް އަރަންދެން ދޮރުމަތީ ސަމީރާ މަޑުކޮއްލައިގެން ހުރީ ހިނިއައިސްފައެވެ. އަދި ކާރު ދުއްވާލުމާއިއެކު އަތުން ހަނާއަޅާލާފަދަ ގޮތަކަށް އަތްހޫރާލީ ވަކިވުމުގެ ސަލާމެއްގެ ގޮތުންނެވެ.
ގެއަށް އައިސް ވަންއިރު މުޙައިމިން އިނީ ސޯފާގައެވެ. ފެންނަފެނުމަށް ހީވަނީ ގެއަށް އައީ ދެންމެ ހެންނެވެ. ދަރިފުޅު ފެނުމުން މުޙައިމިން ޝަބާއަށް ގޮވާލާފައި އޭނާގެ ގާތުގައި މަޑުކޮއްލުމަށް ބުންޏެވެ. ޝަބާވެސް ބަހެއްނުބެ މަޑުމަޑުން އައިސް އިށީނދެއިނީ އިސްޖަހާލައިގެންނެވެ.
“ދަރިފުޅު ހިތަށް އަރާފާނެ، ކައިވެނި ކުރަން ބޭނުންނުވާއިރުވެސް މަންމަ އާއި ބައްޕަ ދަރިފުޅަށް މަޖުބޫރު ކުރުވަނީއޭ، ބައްޕައަށް އެނގޭ ޝަބާ ހިތްހަމައެއް ނުޖެހޭކަން މިކައިވެންޏާއިމެދު، އެކަމަކު ދުވަހަކުވެސް މައިންބަފައިންނާއި ދެބަސްވެ އެމީހުން ހިތުގައިޖެހޭފަދަ ކަމެއްނުކުރާނެކަން އެނގޭ… އެނގޭ އެހެންވެކަން ދަރިފުޅު މިކައިވެންޏަށް ގަބޫލުވީވެސް… ދަރިފުޅަށް އެނގޭތަ، މިއަދު ބައްޕަގެ ހިތަށް މިއަރަނީ، ބައްޕައަށް ޝަބާގެ ހިތުގައި ޖެއްސިއްޖެޔޭ، ދަރިފުޅުގެ މަންމަގެ ނިންމުން ބައްޕަ ބޭނުންނަމަ ބަދަލު ކުރެވުނީހޭ” މުޙައިމިންގެ ވާހަކަތަށް އަޑުއިވި ޝަބާގެ ހިތަށް ވަރަށް ފުން އަސަރުތަކެއް ކުރަމުންދިޔައެވެ. އޭނާގެ ބައްޕަ އެބުނަނީ ތެދެއްކަން އޭނާގެ ޒަމީރު އެއްބަސްވެއެވެ. އޭނާ އެވަނީ ވަރަށް ބޮޑަށް ހިތުގައިޖެހި ގޮތް ހުސްވެފައެވެ. ރާއިދުވެސް އޭނަ އާއި ވަކިވީއެވެ. މިހާރު އޭނަގެ މައިންބަފައިންވެސް އޭނާ އާއި ވަކިވާން ބޭނުންވަނީއެވެ. އެސްފިޔަތަށް ތެމެންފެށުމުން ޝަބާ ފުންނޭވާއަކާއިއެކު ހިންދިރުވާލީ ދެލޮލަށް ޖަމާވާން އުޅުނު ކަރުނަތައްވެސް ދިރުވާލަން ބޭނުންވެގެންނެވެ.
“މިކައިވެންޏާއި މެދު އަހަރެން ގަބޫލު ނޫނަސް، މަންމަ އާއި ބައްޕަ އަހަންނަށް ދެރަވާނޭފަދަ ގޮތަކަށް ވިސްނުމެއް ނުގެންގުޅޭނެކަން އެނގޭ، ބައްޕަ އަހަރެންގެ ކައިވެނި ކުރެވެން އުޅޭއިރު، އެމީހުންނަކީ ކޮންބައެއްކަން ދެކިލަންވެސް ނުދަމެންނު، އެގޭ މީހުން ސުވާލު ކުރޭ ބައްޕަ ނާންނަނީ ކީއްވެގެންތޯ” ޝަބާ ބުންޏެވެ.
“އެގެއަށް ދެވޭތަ، ދަރިފުޅުގެ މަންމަ ބުނަނީ، ހުސް އަންހެނުންނޯ ކައިވެންޏަށް ވެގެން އެގޭތެރޭގައި އުޅެނީ، ދެން ބައްޕަ ގޮސް ކީއްކުރާނީ، އަންހެނުން ތަކެއްގެ ތެރޭގައެއްނޫޅެވޭނެ އެންނު… ޔަގީނުންވެސް މާދަމާރޭ ދަރިފުޅުގެ ގާތުގައި ބައްޕަ އިންނާނަން، ބައްޕަ ނެތީހެއް ކައިވެންޏެއް ނުކުރެވޭނެ އެންނު” މުޙައިމިން އޭނަގެ މޫޑު ބަދަލުކޮއްލަމުން ބުނެލިއެވެ.
ކޮޓަރިއަށް ވަނުމާއިއެކު ޝަބާގެ ނަފްސު ބަލިކަށިވެ ހިފަހައްޓަމުންދިޔަ ކަރުނަތައް ފައިބައިގަތެވެ. އެކަކުވެސް އޭނަގެ ހާލު އެނގެން ބޭނުމެއްނުވެއޭ ހިތަށްއެރީއެވެ. ލޯތްބަކީ އެހާ ފަސޭހައިން އެހަނދާންތަކެއް ފޮހެލެވޭނެ އެއްޗެއް ކަމުގައި އެހެންމީހުން ދެކެނީ ކީއްވެބާއޭ ޝަބާގެ ހިތަށްއެރިއެވެ. ނޫނީ އޭނާއަށް ލޯބިވެވުނީ އެހެންމީހުން ލޯބިވާ ގޮތާ ހިލާފަށް ކަމަށް ވެދާނެއޭވެސް ހިތަށްއެރިެއެވެ. އެނދު މަތީ އޮވެ އެތަށް އިރަކު ޝަބާ ރުޔެވެ. ހިތްފުރޭ ވަރުވީ ކަންނޭގެ އެވެ. ދެލޯ ފޮހެލުމާއިއެކު އޭނާ ތެދުވެގެން ގޮސްވަނީ ފާހާނާއަށެވެ.
* * * * * * * * *
މުޅިން އާދުވަހަކަށް އިރުދޮންކޮއްލާފައިވާއިރު ޝަބާގެ ކޮޓަރިތެރެވަނީ އެފުއްމިށަށް ޖެހިފައެވެ. އެކި ހެދުން އެއްވެސް ތަރުތީބެއް ނެތްގޮތަށް އެނދުމަތީގައި އުކާލެވިފައި ހުއްޓެވެ. އަރަން ގެންގުޅޭ ދެތިންބޫޓު ފައިދޮށުގައި ޓައިލްސްތައް މަތީގައި ތަރުތީބުކޮށް އެކައްޗާޖެހި އަނެކަތި ބަހައްޓާފައި ހުއްޓެވެ. ޝަބާ އަވަސް އަރުވާލާފައި އެނދުމަތިން ފަހަރަކު ހެދުމެއް ނަގާ އެނދުގެ ފައިލާކޮޅުގައި ހުޅުވާފައި އޮތް ފޮއްޓަށް ލަމުންދިޔައެވެ. ޝަބާއަށް ހުރިހާ ކަމެއް ނުކުރެވިގެން އުޅެނިކޮށް ފެނުނީ ވަފިއްޔާ އާއިއެކު ސަމީރާ އޭނާގެ ކޮޓަރިއަށް ވަންތަނެވެ. ވަގުތުން ޝަބާއަށް ހުއްޓުން އެރިއެވެ.
“މަންމަމެން މިއައީ ދަރިފުޅަށް އެހީވާންވެގެން” ވަފިއްޔާ ހިނިއައިސްފައި ހުރެ ބުނެލިއެވެ.
“އެއީ ތެދެއް، އަދިވެސް ހާދަ އެއްޗިއްސެއް އެބައޮތޭ ދޯ ގެންދަން” ސަމީރާ ވަފިއްޔާގެ ޖުމްލައަށް ބާރުދެމުން ބުނެލިއެވެ.
“ތި ހެދުން ކީއްކުރަން ގެންދަނީ، ތި ތިއޮތީ މާބާވެފައެންނު” ޝަބާއަށް އެހީވާން ފެށުމާއިއެކު ވަފިއްޔާގެ ފާޑުކިޔުންތައް އަންނަންފެށިއެވެ. ސަމީރާ ހުރުމުން ޝަބާއަށް އަނގަހުޅުވާލަންވެސް ނުކެރުނެވެ. އެހެންނަމަވެސް ސަމީރާ ވަފިއްޔާގެ ވާހަކަތަކަށް ސަމާލުކަން ދެމުންދިޔައެވެ.
“ޝަބާ، ހުރިހާ އެއްޗެއް ނުގެންދިޔަޔަސް ރަނގަޅުވާނެ، އެކޮޅަށް ގޮއްސަ މަންމަ އާއިއެކު ދާނީ ބާޒާރުކޮއްލަން ދޯ، އޭރުން މިހާރު ބާވެފަހުރި އެއްޗެހި އާކޮއްލެވޭނެއެންނު” ހިތްހެޔޮކަމާއިއެކު ސަމީރާ ހިޔާލުދިނުނެވެ. ޝަބާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ޝަބާ ބަލަހައްޓައިގެން ހުއްޓާ ވަފިއްޔާ އާއި ސަމީރާ އާއި ދެމީހުންވެގެން ޝަބާގެ ފޮށިތައްޔާރުކޮއް ނިންމާލައިފިއެވެ. ސަމީރާ އާއި ވަފިއްޔާ އާއިއެކު ކޮޓަރިން ނުކުމެގެން ސިޓިން ރޫމު ދޮރާއި ހަމައަށް ގޮސްފަވެސް އެނބުރި ޝަބާ ކޮޓަރިއަށް އައީ އެމީހުންގެ ގާތު ބަހަނާއެއް ދެއްކުމަށްފަހުއެވެ.
ދޮރުގައި ލެނގިލައިގެން ހުރެ ކޮޓަރީގެ ހަތަރު ފާރުގެ ތެރޭގައިވާ ހުރިހާ އެއްޗަކަށް ޝަބާ ނަޒަރު ހިންގާލިއެވެ. ކޮޓަރީގައި ހުރި ފަރުނީޗަރަކީ އޭނަ އާއި ރާއިދު ކައިވެނި ކުރަންވެގެން ހޯދި ސާމާނެވެ. އެކޮޓަރި ދޫކޮއްދާން ޖެހުމުން ޝަބާއަށް އިޙްސާސް ކުރެވުނީ މުޅި އުމުރަށް ރާއިދު އާއި ވަކިވެގެން ދާންޖެހުނު ފަދަ އިޙްސާސްއެކެވެ. އެހަނދާންތަަށް އެކޮޓަރީގެ ހަތަރު ފާރުގެ ތެރެއަށް ދޫކޮއްލާފައި ދާން އޭނައަށް މަޖުބޫރުވެދާނެއޭ ހީނުކުރެވުނަސް އެވަގުތު ޖެހިއްޖެއެވެ. ދޮރުގައި ވަފިއްޔާ ޓަކި ޖަހާލުމާއިއެކު ޝަބާއަށް ގޮވާލިއަޑުއިވުނެވެ. ފުސްވަމުންދިޔަ ލޮލުގެ ތެރެއިން ވެއްޓުނު ކަރުނަތިކި ޝަހާދަތް އިނގިލިން ފޮހެލުމަށްފަހު، ލައިގެން ހުރި ހެދުމުގެ އަތުކުރިން ދެލޯ ފޮހެލިއެވެ. ދޫކޮއްލި ފުންނޭވާ އާއިއެކު އިސްއުފުލާލި ގޮތުން ހީވީ ނެތްހިވަރު ނެރެލަމުން ޝަބާ ދުނިޔެއާއި ކުރިމަތިލާން ތައްޔާރުވެލިހެންނެވެ.
ޝަބާ ކާރަށް އަރަން ދިއުމަށް ހިނގައިގަތް ވަގުތު ކާރުގެ ތެރޭގައި އިން ސަމީރާ ދޮރުހުޅުވާލިއެވެ. ޝަބާ ކާރަށް އަރާ ހަމަޖެހިލުމާއިއެކު ގޯޅިތެރޭގައި ނުކުމެތިބި އޭނާގެ މައިންބަފައިންނަށް ބަލާލިއެވެ. ވަފިއްޔާ ހިނިއައިސްފައި ހުރި ގޮތުން ހީވަނީ އޭނަގެ ބޮލުން ބޮޑު ބުރައެއް ލުއިވެގެން ދިޔަހެންނެވެ. އެކަމަކު އޭނާ އާއިއެކު އެމަންޒަރު ބަލަން އެތަނުގައި ހުރި މުޙައިމިންގެ މޫނުމަތިން ފެންނަނީ މުޅިން ތަފާތު ކުލަވަރެކެވެ. ދަރިފުޅު ވަކިވެގެން ދިއުމުން ފެންނާނޭފަަދަ ކުލަވަރެއް މުޙައިމިންގެ މޫނުމައްޗަށްވަނީ ވެރިވެފައެވެ. ޖީބަށް އަތްޖަހާލައިގެން ލޮލުގެ ކޮޅަށް ދަރިފުޅު ގެއްލެންދެން ބަލަންހުރެފައި އައިސް ގޭތެރެއަށް އޭނާ ވަނެވެ.
ސަމީރާ ބުނިހެން އޭނާ ޝަބާގެ ރަޙުމަތްތެރި އާއި ބައްދަލުކުރިއެވެ. އަދި އެދެކުދިންނަށް މުޅި ދުވަހު އެކުގައި އުޅުމުގެ ފުރުޞަތުދިނެވެ. ނީރާއަށްވެސް ޝަބާ އާއިއެކު މިފަދަ ގޮތަކަށް ހޭދަކުރެވޭނޭ ދުވަހެއް އަވަހަކަށް ދެންނާންނާނޭކަން އެނގި އޭނަ ބޭނުންވީ މުޅި ދުވަހު ހުރިހާ ކަމެއްވެސް ޝަބާ އާއިއެކުގައި ކުރުމަށެވެ.
އިރުއޮއްސި އަނދިރިވާން ފެށުމުން މުޅި ގޭތެރެ ދިއްލާލި އިރު ހީވަނީ ބޮޑު މެހެލްއެއް ހެންނެވެ. އެހެންޏާ ނުދިއްލާ ޗާންދަލިޔާތައްވެސް މިރޭވަނީ ދިއްލާލެވިފައެވެ. ކޮޓަރީގައި އޮތް ނާއިލްގެ ނިތްކުރި އިރުއިރުކޮޅާ މީކާ ފޮހެލަދެއެވެ.
“ކާމް ޑައުން، ނާވަސް ނުވޭ…” މީކާއަށް ނާއިލްގެ ހާލު ކޮންމެވެސް ވަރަކަށް އިޙްސާސް ކުރެވިގެން ބުނެލިއެވެ. ނާއިލް، މީކާއަށް އެއްވެސް އެއްޗެއް ނުބުނިތަނުގައި އޭނާ އާއި ދިމާލަށް އެނބުރި ބަލާވެސް ނުލިއެވެ.
ހިމަ ހިމަ މަގުގައި ހުރި “ޕާލްވިއު” އެގެއަށް އަންނަމުންދާ މެހެމާނުންތަކަށް މުޅި އެމަގުގައި ދިރިއުޅޭ މީހުންގެ ނަޒަރުތައް ހުއްޓިފައިވެއެވެ. ފައްޗަކަށްހެން ގުރޫޕު ގުރޫޕު އެގޭތެރެއަށް ވަންނަމުންދިޔައެވެ. ބޮޑު ކޮޓަރި ތެރޭގައި މެހެމާނުންނަށް ކައިވެނީގެ ހަފްލާ އޮތް ފަންގިފިލާއަށް ދިއުމަށް އެހީތެރިވުމުގައި ލީލާ އުޅެއެވެ. އޭނަވެސް މިރޭ ފެންނަނީ ވަރަށް ރީތިކޮށް ހެދިލައިގެން ހުރިތަނެވެ. އާހެދުމަކާއި މޫނުގައި ކޮންމެވެސް ވަރަކަށް މޭކަޕުގެ އަސަރުވެސް ފާޅުވާން ހުއްޓެވެ. ގޭގައި އާމުކޮށް ބޭނުންނުކުރާ ލިފްޓުވަނީ މެހެމާނުންނަށްޓަކައި މިރޭ ހުޅުވާލެވިފައެވެ. ލިފްޓުގެ ތެރޭގައި ދާޢޫދުވެސް ހުރީ މެހެމާނުންގެ ހިދުމަތުގައެވެ.
“ވާ… ޔޫ ލުކް ޑިފަރެންޓް، ހަމަ ޕާކެޓް، ސޯ ބިއުޓިފުލް” ކައިވެނި ކުރާތަނަށް ދިއުމަށްޓަކައި ޝަބާ ތެދުވުމާއިއެކު ޢާފް ބުނެލިއެވެ. އެތަނުގައި ތިބި ނީރާ އާއި މޯނާގެ އިތުރުން ސަމީރާގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހިނިތުންވުމެވެ. ވަފިއްޔާ އާއި ދެންތިބި ކުދިންވެސް ޝަބާގެ ރީތިކަމަށް މިރޭ ތައުރީފުކުރިއެވެ. ހަގީގަތުގަވެސް ޝަބާ ވަރަށް ތަފާތެވެ. ހެދުމުގެ ތަންތަންކޮޅުވަނީ މިނަލާ ވެލިފޮއްޗާއި ލޭހުން ފަރުމާކުރެވިފައެވެ. އާމުކޮށްއަޅާފައި ހުންނަ ބުރުގާ އާއި އެހެދުމާއިއެކު އޭނާ އަޅައިފިއި ހުރި ބުރުގާ މާބޮޑަށްވެސް ތަފާތެވެ. ސައިޒުގެ ގޮތުން ކުޑަވެފައި ބޮލަށް ފިޓެވެ. ހެދުމުގެ ފަސްބައިގައި ޖަހާފައިވާ މިނަލުގެ ސަބަބުން ހެދުން ބަރުކަން އިހްސާސް ކުރެވުނެވެ. ގަޔަށް ހެދުން ދޫކަމުގައި ވިޔަސް ގިނަބައެއްގެ ކުރިމައްޗަށް އެހެދުން ލައިގެން ހުރެ ނުކުންނަން ޝަބާ ހުރީ ޖެހިލުންވެފައެވެ. ބުރުގާގެ މަތިން ބޮލުގައި ހަރުކޮއްފައިވާ ތުނި ފޮތި ގަނޑު ފައިގެ ކުޑަކަޅުވާ އާއި ހަމައަށް ފައިބާފައި އޮތެވެ. ކުދިކުދި އެހާއި ފަށުވީގެ މާތަކުން ޖަރީކުރެވިފައިވާ އެތުނި ފޮތިގަނޑުގެ ވަށައިގެންވި ބޯޑަރަށް ބަލާލުމަށްފަހު ޝަބާ ލޯގަނޑުން އަމިއްލަ ސޫރަ އަދިވެސް އެއްފަހަރު ބަލާލިއެވެ.
ސަމީރާ އާއި ގޭގެ އެހެން އަންހެންވެރިން ޝަބާ ގެނެސް ކައިވެނި ކުރާ މޭޒުގެ ކައިރީ ބޭންދުމާއިއެކު މުޅި ހޯލްތެރޭގައި ހޭލަމޭލަވެ އުޅުނު މެހެމާނުންގެ އަޑުކަޑައިގެން ހިނގައްޖެއެވެ. އެންމެންގެ ނަޒަރު މިހާރު ހުއްޓިފައިވަނީ ކައިވެނި ކުރާ މޭޒުގެ ކައިރީގައި އިށީނދެ ތިބި ދެޒުވާނުންނަށެވެ. ހަމަ ކުޑަކުޑަ އިރުކޮޅެއްގެ ތެރޭ ދެމަފިރިންނަށް ވެގެންދާނެ ޝަބާ އާއި ނާއިލަށެވެ. މެހެމާނުންގެ ތެރޭގައި ސިއްރުން އެކަކު އަނެކަކު ކަންފަތް ދޮށުގައި އެކިއެކި ފާޑުކިޔުންތައްވެސް ދެކެވިގެންދިޔައެވެ. އަނެއްބަޔަކު ގޭގެ ފުރިހަމަ ކަމަށް ތައުރީފު ކުރިއިރު މިހުރިހާ ކަމަކާ ދެކޮޅު ބަޔަކުވެސް ތިއްބެވެ. އެމީހުން ތިބީ ހިތުގައި ހުރިހާ ކަމެއް ފޮރުވާލައިގެން މޫނުމަތިން ހިނިތުންވެލައިގެންނެވެ.
ނާއިލް އެއްފަހަރުވެސް ޝަބާ އާއި ދިމާލަށް ބަލާނުލިއެވެ. އެކަން ޝަބާއަށްވެސް ވަކި މުހިއްމެ ނޫނެވެ. ނާއިލް ޝަބާ އޭނަގެ އަންބެއްގެ ގޮތުގައި ބަލައިގެންފިކަމުގައި ދުލުން ބުނީ ޤާޟީ ދެފަހަރަކު އެހެން އެއްސެވި ފަހުންނެވެ. އަސްލަމް ދަރިފުޅުގެ ކަންފަތް ދޮށުގައި ކޮންމެވެސް އެއްޗެއް ބުނުއްވިތަން ފެނުނެވެ. ނާއިލްގެ ދޫހަރަކާތްކުރީ އެވަގުތުއެވެ. ދެއަތްތިލަ ފިނިވެ މުޅި މީހާ ގަނޑުވެފައި އިންހެން ޝަބާއިނެވެ.
ޤާޟީ ތެދުވެންނެވުމާއިއެކު ހުރިހާ އެންމެންހެން ނާއިލްމެންގެ ދެމަފިރިންނަށް މަރުޙަބާ ކިޔުމަށް އަވަސްވެގަތެވެ. ސަމީރާ އައިސް އުފަލުން ގޮސް ޝަބާގެ ނިތުގައި ބޮސްދިނެވެ. އޭނަގެ ދެލޯ އޭރުވަނީ ފެންކަޅިވެފައެވެ. އޭނާގެ ގާތުގައި ހުރި ނީރާވެސް ފަސްޖެހުމެއްނެތި ޝަބާގެ ގައިގާ އޮޅުލައިގަތެވެ. އެންމެން އުފަލުން ހެނީއެވެ. މަރުޙަބާ ކިޔަނީއެވެ. ލާނެތް ސަމާސާތަކުން ދިމާކުރަނީއެވެ. ނަމަވެސް އަލަތު ދެމަފިރިންގެ މެދުގައި ހިތްހެމަޖެހުމާއި އުފާވެރިކަމުގެ ހިނިތުންވުމެއް ނުފެނެއެވެ. އެންމެކުޑަމިނުން އެކަކު އަނެކަކަށް ބަލާވެސް ނުލައެވެ.
މެހެންމާނުންނާއިގެން ސަމީރާ އުޅެންފެށީ ދެނެވެ. އެމީހުންގެ ސުވާލުތަކަށް ޖަވާބު ދިނުމުގަ އާއި ޕާޓީގައި އެމީހުންނަށް ދަތިވާ އެއްވެސް ކަމެއްވޭތޯ ބެލުމުގައެވެ. ވަފިއްޔާވީ ހިސާބެއްވެސް ނޭނގެއެވެ. މީހުން ގަނޑުގެ ތެރެއިން އެއްފަރާތެއްގައި އަތުރާފައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި ނީރާ އާއިއެކު ޝަބާ އައިސް އިށީނެވެ.
“ޝަބާގެ ފިރިމީހާ ފޮނިކަން މިއެނގުނީ އަދިރިކިރިޔާ، ސަލާމްނުކޮއްލި ތަނުގައި އޭނަ އަވަސްވެގަތީ އަހަރުމެން އެންމެންނަށް ފިލަންވެގެން، އަނގައިން ބުނަން ޖެހިދާނެތީވެ ފިލިހެން ހީވީ، މިއަދު އެއްކޮށް މިގޭގަ އުޅުނުއިރު ނާއިލް ފެނުނީ އެންމެ ދެފަހަރު… އަހަރެން ހީކޮއްގެން މިހިރީ މިޕާޓީތެރެއިން ބައްދަލުވީމަ އަނގައިން ބުނާނެ ފުރުޞަތު ލިބޭނެކަމަށް، އެކަމަކު އެހެންނެއް ނުވިއެންނު” ނީރާ މީހުންތަކުގެ ތެރެއަށް ނަޒަރު ހުއްޓާލައިގެން އިނދެ ބުންޏެވެ.
“އެހެންތަ…” ނީރާ ބުނިއެއްޗަކާއިމެދު ވިސްނާލުމެއްނެތި ޝަބާ، މިހެން ބުނެލިއެވެ.
“ޝަބާ… އަހަރެން ދެއްކި ވާހަކަ އަޑުއަހަން އިނދެފަތަ، އެހެންތައޭ ތިބުނީ، މަށަށް ޔަގީން ޝަބާގެ ސަމާލުކަންވަނީ އެހެންދިމާލެއްގަ ކަން، އޭ، ނާއިލްތަ ތިހޯދަނީ… ” ނީރާ ޝައުގުންފުރިގެންވި ނަޒަރަކުން ޝަބާއަށް ބަލާލިއެވެ.
“ނޫން، އޭނަ ހޯދަންވީ ކީއްކުރަން، ދެކެން ބޭނުންނުވިޔަސް ކޮންމެ ދުވަހަކު ކޮންމެ ވަގުތަކުވެސް އަހަރެންގެ ލޯ ކުރިމަތީގައިވާނީ އޭނާގެ ސޫރަ، އެކުގައި އުޅެން މިހާރުމިވަނީ މަޖުބޫރުވެފަ، މީ ނީރާވެސް ބޭނުންވިގޮތެންނު” މިހެންބުނި ޝަބާގެ މޫނުމަތީގެ ކުލަ ކުރިއަށްވުރެވެސް ފަނޑުވެގެން ދިޔަހެން ނީރާއަށް ހީވިއެވެ.
“އޭ، ސީރިއަސްވީތަ، އެއީ އަހަރެން އެހެންދެއްކި ވާހަކައެއްނޫނޭ، ނާއިލްގެ މަންމަ ކިހާ ރަނގަޅު، އެހެންވީމަ ރަނގަޅު މީހެއްގެ ދަރިންވެސް ރަނގަޅުވާނެ، ޝަބާ މާބޮޑަށޭ ކަންތައްތަކާއިމެދު ތިވިސްނަނީ، މިރޭ ނިކަން ހެވިލާފައި ހުރެބަލަ، ތިހާރީތި ހެދުމެއްގައި ތިހާނަލަ ހެދިލައިގެން ހުންނައިރު މޫނުމަތިންވެސް އުފާވެރިކަން ދައްކާލަބަލަ” ނީރާ ޝަބާގެ އަތުގައި ހިފާލަމުން ބުންޏެވެ.
“ނީރާ، އަހަރެންގެ އާއިލާ އެކަކުވެސް މިތަނުން އެބަ ފެނޭތަ، މަންމަ ވީހިސާބެއްވެސް ނޭނގޭ، އަހަރެން މިހިރީ އުފަލުންތޯވެސް އެއްފަހަރުވެސް އަހާނުލި، ބައްޕައަށް އިތުރު އެއްވެސް ސުވާލެއް ކުރާކަށް ނުކެރުން، އަހަންނަށް އެނގޭ، ބައްޕަ ހުރީ ދެރަވެފަކަން، އެކަމަކު މަންމަގެ އަނގައިން މިވީހާތަނަށް މީހަކަށް އަރައިގަނެވުނުތަ…” ޝަބާ ޝަކުވާ ކުރާފަދަ ގޮތަކަށް ވާހަކަދެއްކިއެވެ.
“ދެރަނުވެބަލަ، މިކައިވެނީގެ ސަބަބުން ޝަބާއަށް ލިބުނު މަންމައަށްވުރެ ހެޔޮ މަޔަކު އަހަންނަށް ހިޔެއްނުވޭ ލިބޭނެހެނެއް، އޭނަ ޝަބާދެކެ ހާދަ ލޯބިންނޭ އުޅެނީ، އެއީވެސް ކުރިއަށްއޮތް ލައިފް ރަނގަޅުވާނެކަމުގެ ނިޝާނެއް، އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނަ އުސޫލުން، ޝަބާގެވެސް ތިއަޑިގަނޑުން އަރައިގަންނަން މަސައްކަތްކުރޭ، މިރޭ އަހަރެން ބުނާނީ ނާއިލްއަކީ ނަސީބުވެރިއެކޭ، އަހަރެންގެ ރަޙުމަތްތެރިޔާފަދަ ދެވަނަ އަންހެން ކުއްޖަކު އޭނައަށް ދުވަހަކުވެސް ނުލިބޭނެ، ޝަބާ، އާއިލާމީހުން އުޅޭގޮތާއިމެދު ވިސްނާނެކަމެއްނެތް، އެއްވެސް އިރެއްގަ އެމީހުންގެ ފަރާތުން ޝަބާއަށް މާބޮޑު އަޅާލުމެއް ނުލިބެއެއްނު، ކަމަކު ކިޔަންވީމަ އަނެއްކާވެސް އަންނާނެ، އަޅާނުލާ… އަހަރެން ބުނިހެން މިކައިވެންޏަކީ ޝަބާގެ ނަސީބު ކަމުގައިވެސް ވެދާނެ، ހުރިހާ ހިތާމަތަކުން މިންޖުވެވެން އޮތް ހަމައެކަނި ކޮޅަކީ މީކަމުގައިވެސް ވުން އެކަށީގެންވޭ، ކުރިއަށް އޮތްތަނަށް ވިސްނާ، ފަހަތަށް ބެލުމުގެ ބަދަލުގައި އެކަމުން ހާސިލުވި އިބުރަތާއި ކުރެވުނު ތަޖުރިބާ އާއިއެކު ކުރިއަށް ފިޔަވަޅުއަޅާ، އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ، ﷲ އަހަރެންގެ އެކުވެރިޔާ ރައްކާތެރި ކުރައްވާ، އޭނަގެ ހުރިހާ ހިތާމަތަކެއް ފިއްލަވާދޭނ… އާމީން..” ނީރާ ޝަބާގެ ކޮނޑުގައި އެއްއަތް އަޅުވާލުމާއިއެކު ވާހަކަދެއްކިއެވެ.
“އާމީން… ނީރާ، ދެން ނާންނާނަންތަ އަހަރެން ކައިރިއަށް” ޝަބާ ބުންޏެވެ.
“ނޭނގެ އާދެވޭނެކަމެއް، ދެން އުޅޭނީ ފުރުމުގެ ކަންތައްތައް ހަމަޖައްސަން، އެކަމަކު އަހަންނަށް ނާދެވުނަސް ޝަބާއަށް ގުޅާނަން އެނގޭ، ޑޯންޓު ވޮރީ، މެއިލްވެސް އެއޮތީނު، އެފްބީ އިންވެސް ދިމާވާނެއެއްނު، މިހިރީ ހައްތަހާވެސް ގުޅުންބޭއްވޭނެ ގޮތްތަކެއްނު، އެނގޭތަ، އަމްރުވެސް އެއްކޮށް ކިޔަވާނިމޭނީ އަހަންނާއިއެކު” ނީރާ ހަމަޖެހިލައިގެން އިނދެ ބުންޏެވެ.
“އަނެއްކާ ތިހެން އުޅެފަ ތިދެމީހުން ވަކިނުވައްޗޭ، އަދި ކައިވެންޏަކާ ހަމައަށްވެސް ދިޔައީކީ ނޫން، ކިޔަވާނުނިމޭނެ ދުވަހަކުވެސް، މެރީ ކުރިޔަސް ކިޔަވަން ބޭނުމިއްޔާ ކިޔެވޭނެ ދޯ، ނީރާ ނުވިސްނަންތަ އަމްރު އާއި މެރީ ކުރާކަށް، އޭނަވެސް ނާހާ ދޯ، އެހެންވެތަ އެވާހަކަ ނުދައްކަން ތިހުންނަނީ” ޝަބާގެ މޫޑުވެސް ރަނގަޅުވެއްޖެކަން އޭނާގެ ވާހަކަދެއްކުން ހުރިގޮތުން އެނގެއެވެ.
ޚަދީޖާ، ވަފިއްޔާގެ އަތުގައި ހިފައިގެން އެއްފަރާތަކަށް ހިނގައިގަތެވެ. ވާނުވާނޭގިފައިހުރި ވަފިއްޔާ މީހުންގެ މޫނަށް ބަލަމުން ރަކިވެފައި ހުރިގޮތަކަށް ޚަދީޖާ އާއިއެކުގޮސް ހޯލުގެކަނެއްގައި މަޑުކޮއްލިއެވެ.
“ދައްތާ، ތީކޮންކަމެއް، ތިވައްތަރަށް އުޅޭއިރު މިތަނަށް އައިސްއުޅޭ މީހުންނަށް ވިސްނާލިނަމަ” ވަފިއްޔާ ވާހަކަދެއްކީ ވަރަށް މަޑުންނެވެ.
“ކަލެއަށްވާ ސާބަސް، ދަރިވިއްކާލަން ބޭނުންވިޔަސް މިނޫންބައެއް ނުފެނުނީތަ، އެކުއްޖާފުޅަށް އެހެންހަދާކަށްނުވާނެއެއްނު، ކަލޭގެ ހިތަށް އަސަރެއްވެސް ނުކުރިތަ، ޝަބާ ތިކައިވެނި ކުރުވީ ފުރާނަ ހުއްޓެކަމަކު ހަމަ އޮންނަ މަސްގަނޑަކާ، އިންނާނެ މީހަކު ނެތިގެން ސަމީރާ އެކަކު ކައިރީ އާދޭސްކޮއްލާފަ، އަނެކަކު ކައިރީ އާދޭސްކޮއްލާފަ އުޅުނުތަން މަގޭ ދެލޮލުން ދެކި މިކަންފަތުން އެވާހަކަތަށް އަޑުއެހީ، އެހެންނޫނީ އާދައިގެ މީހަކަށް ބަލާވެސް ނުލާނެ އެއާއިލާގެ މީހަކު، އަހަރެން އެއްޗެހި ކިޔާނެތީވެ ދޯ ކުރީބައިގައި އަހަރެން ކައިރީ ނުބުނީ، ބަލަ މަށަށް މިކަން އެނގިއްޖެ ވަރަށް ކުރިން، އެކަމަކު އަހަރެން ފަހަރެއްގަވެސް ހިޔެއްނުކުރަން ވަފިއްޔާގެ ޝަބާ އެމީހުންނަށް ދީފާނެއެކޭ… އިތުރަށް މިވާހަކަ ނުދައްކަން ލައްކަ މަސައްކަތްކޮއްފިން، އެކަމަކު އަހަރެންގެ ހިތަށް ހަމަ ކުޅަދާނަނުވެގެން މިއައީ، މިހުރިހާ ކަމެއްވެގެން ދިޔައިރު ތިހުރީ ހަމަހޭގެބާއޭ އަހަރެންގެ ހިތަށް އަރާ…” ޚަދީޖާ މީހެއްގެ މޫނަކަށް ބެލުމެއްނެތި ވާހަކަދެއްކިއެވެ.
“ދައްތާ، ޝަބާއަކީ އަހަރެންގެ ދަރިއެއް، ދައްތަވެސް ވާހަކަދައްކާނެކަމެއްނެތް، ބަލަ ފަރުޝާގެ ކައިވެނި ކުރީ މުއްސަންޖަކާއެއްނޫންތަ، އެވެސް ދެއަންބަށް، ދެކުދިންގެ ބަފަޔަކާ، އިހަށްދުވަހު އެންނު ދޮށީއަނބި ވަރިކޮއްގެން ތިއުޅެނީ، އޭރުވެސް ދައްތައަށް އެކަން ބޮޑުކަމަކަށް ނުވި، މިހާރު އަހަރެންގެ ނިންމުމަށް ފާޑުކިޔަން އުޅޭނެކަމެއްނެތް، ޝަބާ ބައެއްގެ ދިރިއުޅުން ހަލާކުކޮއްލާ އެމީހުންގެ ދިރިއުޅުމުގެތެރެއަށް ވަނީކީ ނޫން، ދެމީހުންވެސް ތިބީ ހުސްހަށިބަޔަށް، އަހަރެންގެ ދަރިފުޅުގެ މައްޗަށް އޭނަގެ ފިރިމީހާއަށް އެއްވެސް ބާރެއްނުފޯރުވޭނެ، އޭގެ ބަދަލުގައި ޝަބާ އުޅޭނީ އުފަލުން، މީގެ ކުރިން އޭނައަށް ލާން ނުލިބޭފަދަ، އަދި ކާންނުލިބޭފަދަ ރީތި މީރު އެއްޗެހި ކައިގެން، ލައިގެން… ޚުދު މަށަށްވެސް އޭނަ އެފެންވަރުގަ ނުގެންގުޅެވޭނެ، ރަނގަޅުވާނީ އެއްވެސް އެއްޗެއް ނުކިޔާ ދައްތަވެސް މަޑުން ހުރިއްޔާ، މިތަނުންފެންނަ މަންޒަރުތައް ބަލަން ކެތްނުވަންޏާ މަށަށް ފެންނަނީ މިތަނުން ދާން، އޭރުން ނުވެސް ފެންނާނެ، އަޑެއްވެސް ނީވޭނެ” ވަފިއްޔާ ވާހަކަދެއްކީ ކިތަންމެ މަޑުންކަމުގައިވިޔަސް އޭނަ ހުރީ ރުޅިއައިސް ރަތްވެފައެވެ.
މީކާގެ އެހީގައި ކޮޓަރިއަށް ވަންގޮތަށް ނާއިލް އިނީ އެތަނުގައެވެ. ކުޑަކުޑަ ސައެކޭ އޭނަގެ މަންމަ ބުންޏަސް ހަފްލާއަށް އައި މެހެމާނުންގެ އަދަދާއި ކެއުންބުއިމަށް ތައްޔާރުކޮއްލާފައި ހުރި ވައްތަރުތަކުން ކުޑައެކޭ ނުބުނެވޭނެއެވެ. މީހުންގިނަ ތަންތަނުގައި އުޅުމަކީ މިހާރު ނާއިލުއަށް ކުރަން އުނދަގޫކަމެކެވެ. އާއިލާ މީހުންނާވެސް ވާހަކަދައްކަނީ ކޮންމެހެން އެއްޗެއް ބުނަން ޖެހިއްޖެ ހާލަތެއްގައެވެ. ގޮނޑީގައި އިންއިރު އޭނަ ވިސްނަމުން ދިޔައީ ޝަބާ އެކޮޓަރިއަށް އައުމުން ދެންވާނެ ގޮތަކާއިމެދުއެވެ. އެކޮޓަރިން ޝަބާއެއް ނުއެއްނެރެވޭނެއެވެ. ޝަބާ އާއި ދެބަސްވާކަށްވެސް ނުކެރޭނެއެވެ. ޝަބާއަކީ ކޮންކަހަލަ މިޒާޖެއްގެ ވެރިއެއްކަމެއްވެސް ނާއިލްގެ ސިކުނޑިއަށް ވިސްނައިގަންނަން ދައްޗެވެ.
މެހެމާނުންތައް މަދުވަމުން ގޮސް މުޅި ހޯލުތެރެ ހިމޭންވެގެން ހިނގައްޖެއެވެ. އެތަނުގައި މިހާރު ތިބީ ދެފަރާތުގެ އާއިލާ މީހުންނެވެ. ނީރާ ކުޑައިރުކޮޅަކަށްވެސް ޝަބާ އާއި ދުރަށް ނުދެއެވެ. ސަމީރާއަށް ޕާޓީ ނިމުނުއިރުވެސް ޝަބާ އިނީ އެއްވެސް އެއްޗެއް ނުކައިކަން އެނގުނީ ނީރާގެ ފަރާތުންނެވެ. ނީރާއަށް އެކަން ސަމީރާ އާއި ހަމައަށް ގެންދަންޖެހުނީ އޭނަ އެތަށް ފަހަރަކު ބުނުމުންވެސް ޝަބާ ކާއެއްޗެއް ކާން އުޒުރުވެރިވާތީއެވެ.
“ނީރާވެސް ދާންވީނު ކާއެއްޗެހި އަޅައިގެން އަންނަން، އޭރުން ޝަބާ އެކަންޏެއްނުވާނެއެއްނު” ސަމީރާ ތައްޓަކަށް ކާއެއްޗެހި އަޅައިގެން އައިސް ޝަބާގެ ގާތުގައި އިށިންނަމުން ބުނެލިއެވެ. ނީރާ ތެދުވެގެން ދިއުމާއިއެކު ސަމީރާ ޝަބާގެ އަތަށް ތަށިދިނެވެ.
“ސަމީރާ..” ވަފިއްޔާ އައިސް ޝަބާގެ ކުރިމަތީ މަޑުކޮއްލިއެވެ. މިހާރު އޭނަގެ މޫނުމަތިން ރުޅިވެރިކަމުގެ އަސަރެއް ފާޅެއްނުވެއެވެ.
“ދާންވީ ދޯ، ޝަބާ އެއްވެސް އެއްޗެއް ނުކައި އިނީމަ، މިއުޅެނީ… ވަފިއްޔާ އަހަންނާއި ޝަބާ ތިހަވާލުކުރީ ވަރަށް ބޮޑު އިތުބާރެއްކޮއްފަކަން އެނގޭ، އެހެންވީމަ ޝަބާގެ ހުރިހާ ކަމެއްވެސް އަހަރެން ބަލަންޖެހޭނެއެއްނު” ސަމީރާ ތެދުވަމުން ހިނިއައިސްފައި ބުންޏެވެ.
“ޝަބާ، ދެން މަންމަމެން ދަނީ، ބަސްއަހައިގެން ރަނގަޅަށް އުޅޭތި” ވަފިއްޔާއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ޝަބާގެ ބުރަކަށީގައި ދެފަހަރަކު ފިރުމާލުމަށްފަހު ދާން އެނބުރުނެވެ. ޝަބާވެސް އަތުގައި އޮތް ތަށި، ޖެހިގެން ހުރި ގޮނޑިމަތީ ބަހައްޓަމުން ތެދުވިއެވެ.
“ޝަބާދެން އަންނާނެކަމެއްނެތް، ވަރަށް ވަރުބަލިފަ މިހާރު ހުންނާނީ، މަންމަމެން ގޮސްދާނަން” ޝަބާ އަންނަން އުޅުނުހެން ހީވެ އެކަން ވަފިއްޔާ މަނާކުރިއެވެ. ބުނާނެއެއްޗެއް ނޭނގިފައި ޝަބާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
ކޭޓަރިންގެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި އައިސްތިބި މީހުންވެސް އެމީހުންގެ އެއްޗެހި ހިފައިގެން ގޮސް ނިމިއްޖެއެވެ. ޝަބާ ހުރީ ނީރާ އާއި ވަކިވުމުގެ ކުރިން އެންމެ ފަހު ފަހަރަށް އޭނަ އާއި ސަލާމްކޮއްލުމަށްޓަކައި ބޮޑުކޮޓަރީގެ ދޮރުކައިރީގައެވެ. ސަމީރާ ދާޢޫދަށް ގޮވާގެނެސް ގޭގެ ކާރުގައި ނީރާ ގެއަށް ގެންގޮސްދިނުމަށް ބުންޏެވެ. ނީރާގެ އަތުން ދޫކޮއްލަން ބޭނުންނުވެފައި ހުރި ޝަބާއަށް އެންމެފަހުން ޖެހުނީ ނީރާ އާއިވެސް ވަކިވާށެވެ. ސަމީރާ ބޮޑުކޮޓަރީގެ ދޮރުލައްޕާ ލުމަށްފަހު ޝަބާ ގޮވައިގެން ހިނގައިގަތީ ނާއިލްގެ ކޮޓަރިއަށް ދިއުމަށެވެ.
“ޝަބާގެ ހުރިހާ އެއްޗެއް މަންމަ ހުންނާނީ ކޮޓަރިއަށް ގެންގޮސްދީފަ، ދެން މިރޭ އެއްޗެހި ހާވަން އުޅޭނެކަމެއްނެތް، މާދަން ހެނދުނުން ތެދުވެ ހަމަޖެހިލައިގެން އަލަމާރިއަށް ހެދުންތައް ލާނީ، މާދަމާ ވާނެ ބާޒާރުކޮއްލަން ދާންވެސް ދޯ، ޝަބާއަށް ބޭނުންވާނެ ބައެއް އެއްޗެހި ގަނެލަންވާނެއެއްނު… މިރޭ ލާނެ ހެދުމެއް މޯނާބުނި އަލަމާރީގައި އިންނާނޭ އަޅުވާފަ” ސަމީރާގެ އަޑުގައިވަނީ އޯގާތެރިކަމެވެ.
“އަސްތާ، ޕްރިންސެސް…” ނާއިލްގެ ކޮޓަރިއަށް ދިޔަ ޝަބާ ފެނިފައި ނީލް ބުނެލިއެވެ. ނީލްގެ އެޖުމްލައިން ޝަބާ ރަކި ހިނިތުންވުމެއް ދިނެވެ. ނީލްވެސް އިތުރަށް އެއްޗެއް ބުނާކަށް ގަސްދެއްނުކުރިއެވެ. އޭނައަށްވެސް އެވަގުތަކީ ވަކިމީހަކަށް ޚާއްޞަކުރެވިފައިވާ ވަގުތުކަން އެނގުނީކަންނޭގެއެވެ. އެހެންވެ އެކަމަށް ހުރަސް އެޅިދާނެފަދަ އެއްވެސް ކަމެއް ކުރަން ބޭނުންނުވީ ކަންނޭގެއެވެ.
ކޮޓަރީގެ ދޮރާއި ކައިރިވާވަރަކަށް ޝަބާގެ ހިތުގެ ހިނގުން އަވަސްވަމުންދިޔައެވެ. ސަމީރާ ވާހަކަދެއްކިޔަސް އޭނަ ކިޔާއެއްޗެއް ޝަބާއަށް ސާފެއްނުވިއެވެ. ނޭނގޭ ބިރުވެރިކަމަކުން ހިތްފިތި ބާރުވަމުންދާހެން ޝަބާއަށް ހީވާންފެށިއެވެ. އަދި ނޭވާލާންވެސް އުނދަގޫވިހެން އޭނާއަށް އެވަގުތު ހީވިއެވެ. ހިންދިރުވާލެވުނީ މެޔަށްވަމުންދާ އުނދަގޫތައް ފިލުވާލުމުގެ ގަސްދުގައެވެ. ދެންފެނުނީ ކުއްލިއަކަށް ސަމީރާ ނާއިލްގެ ކޮޓަރީގެ ދޮރުހުޅުވާލިތަނެވެ.
“ދަރިފުޅަށް ހޭލެވުނީމަ ހެނދުނު ސައިބޯން ނުކުމޭ، ވަކިގަޑިއެއް ނޯންނާނެ، އެކަމަކު ބައްޕަ ބޭނުންވެލައްވާނެ ނުވައެއްޖަހަންވާއިރަށް ހެނދުނު ސައިގެ ކަންތައްތައް ނިންމާލައްވަން، ދަރިފުޅު ހޭލައިގެން އަންނައިރު ނާއިލުއަށްވެސް ގޮވާ ހޭލައްވައްޗޭ، ދަރިފުޅަށް މީކާ އެހީވާނެ ނާއިލުގެ ކަންތައްތަކުގަ… ބޭނުންވީމަ އޭނައަށް ގޮވާލާ، އޭނަގެ ކޮޓަރި ހުންނާނީ މިފަރާތު ބިއްދޮށުގަ ވާތްފަރާތުން ފުރަތަމަ ދޮރު، ދެން މަންމަ ދަނީ އިނގޭ، ޝުކުރިއްޔާ ދަރިފުޅު މި މަންމައަށް ތިކޮއްދިން ކަންތަކަށް، ތިހެޔޮކަމަށް މިމަންމަ އަބަދުވެސް ދަރަނިވެރިވެފައިވާނެކަން ޔަގީން، ދެންދޭ އަވަހަށް އަރާމުކޮއްލަން” ސަމީރާ މައިވަންތަކަމުގެ ހިނިތުންވުމަކުން ޝަބާއަށް ބަލަންހުރެ އޭނާގެ ކޮނޑުގެ ދެފަރާތުގައި، ދެއަތުން ފިރުމާލާފައި ދާން ހިނގައިގަތެވެ.
ފަނޑުއަލިކަމުގެ ތެރެއިން ޝަބާ މަޑުމަޑުން އޭނާގެ ފަހަތުގައި ހުރި ދޮރުލައްޕާލިއެވެ. އެއްވެސް އަޑެއް ކިއުމެއްނެތި ނަސީބަކުން ޝަބާ ބޭނުންވިގޮތަށް ދޮރުލެއްޕިއްޖެއެވެ. އިރުކޮޅަކު ހުއްޓުން އަރާފައި އޭނައަށް ހުރެވުނީ ވިސްނުމެއްގެ ތެރޭގައެވެ. ކޮޓަރީގެ ދޮރު ތަޅުލަންވީބާއޭ ނޫނީ އެހުރިގޮތަށް ލައްޕާލާފައި ބަހައްޓަންވީބާއޭ ހިތަށްއަރާފައެވެ. ކުއްލިއަކަށް ޝަބާގެ ލޮލަށް އެޅުނު އަލިކޮޅާއިއެކު ފާރުގައި ނަށަމުންދިޔަ ކުދި ކުދި އަލިކޮޅުތަކަށް ސަމާލުކަން ހުއްޓިގެންދިޔައެވެ. އެއަލިކޮޅުތައް އަންނަނީ ދިމާ ކުރިމަތިން ކަހަލަގޮތަކަށެވެ. ޝަބާ މުޅިކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. ތަނަވަސް ބޮޑު ކޮޓަރިއެކެވެ. އަޖައިބު ކުރުވަނިވި ބޮޑު ކުޑަދޮރެކެވެ. އޭގެ ކައިރީ އިށީނދެލައިގެން އިނދެވޭނޭ ގޮތަށް ހަދައިފައިވާ ކުޑަދޮރެކެވެ. ފާރުގައި ނަށަމުންދިޔަ އަލިކޮޅުތަކުގެ އަސްލު ޝަބާއަށް ފެނުނެވެ. އެއީ ކުޑަދޮރުގެ މަތީގައި ހަރުކޮއްފައި ހުރި ވިންޑްޗައިމެވެ. ކުޑަދޮރުގެ ފަރުދާ ދެފަރާތަށް ކަހާލައިފައި ވުމާއިއެކު ބޭރުގައި ދިއްލާފައި ހުރި ބޮކީގެ އަލި ވިންޑްޗައިމްގެ ބިއްލޫރިކޮޅުތަކަށް އެޅުމުން އެއަލި ކޮޓަރީގެ ފާރަށް އެޅެނީކަން ޝަބާއަށް އެނގުނެވެ.
ކުއިލްޓު ކަވަރު މީކާ އަޅައިދިންގޮތަށް ނާއިލުގެ ގައިމަތީގައި އޮތެވެ. އުއްޑުން އޮށޯވެލައިގެން އޮތް ނާއިލް ދެލޯ މަރާލައިގެން އޮތް ނަމަވެސް އޭނާ އޮތީ ނިދާފައެއްނޫނެވެ. ނިދި މިރޭ އުޅެނީ އޭނާ އާއި ވަރަށް ދުރުގައެވެ. ސިއްރުން އެސްފިޔަތައް ތަޅުވާލުމާއިއެކު ކުޑަކުޑަކޮށް ނާއިލް ލޯހުޅުވާލާފައި އަދިވެސް ކޮޓަރީގެ ދޮރުމަތީގައި ހުރި ޝަބާއަށް ބަލާލިއެވެ. ފުރިހަމަ އިސްކޮޅަކާއިއެކު ކައިވެނި ހެދުމުގައި ހުރި ޝަބާ ނާއިލުއަށް މިފެނުނީ ފުރަތަމަ ފަހަރަށެވެ. އޭނަ އުޅޭގޮތުން ހީވަނީ ބިރުން އުޅޭހެންނެވެ. ނޫނީ ނާއިލުއަށް ސިއްރުން ކަމެއް ކުރަން އުޅޭހެންނެވެ. ދެތިންފަހަރު ނާއިލު އާއި ދިމާލަށްވެސް ޝަބާ ބަލާލައިފިއެވެ. އޭނައަށް ނާއިލު ހޭލާ އޮތްކަމެއް ނޭނގެއެވެ. ޝަބާ މަޑުމަޑުން ސިއްރުން ކަހަލަގޮތަކަށް އައިސް ކުޑަދޮރުގެ ފަރުދާ ދެފަރާތުން ގެނެސް ކައިރިކޮއްލިއެވެ. ނޭނގިނަމަވެސް ފަރުދާގައި ވިންޑްޗައިމް ޖެހުމާއިއެކު ހިތްގައިމު އަޑެއް އިވިގެންދިޔައެވެ. ނަމަވެސް އެއަޑާއިއެކު ޝަބާ ދިޔައީ ސިއްސައިގެންނެވެ.
“ޝިޓް…” މިހެން ބުނި ޝަބާ ހާސްވެފައި އަވަހަށް ބަލާލީ ނާއިލުއަށެވެ. އޭނަ އޮތީ އޮތްގޮތަށް ގުޑިވެސް ނުލައެވެ. ކުޑައިރުކޮޅެއްގެތެރޭ ވިންޑްޗައިމްގެ އަޑު ކެނޑުމާއިއެކު ނާއިލުއަށް ބަލަންހުރި ޝަބާ ފުންނޭވާއެއް ބޭރުކޮއްލިއެވެ. އަދި ހިތާ ހިތުން ނާއިލު ނިދާފަ އޮތުމުން އެކަމާ އުފާކޮށް ޝުކުރުވެރިއެވެ. ދެންވެސް ޝަބާ ކޮޓަރިތެރޭގައި އުޅުނީ ސިއްރު ފިޔަވަޅުތަކުގައެވެ. އެކޮޓަރީގައި، ފަސްދޮރުފަތް ލާފަައި ހުރި ބޮޑު އަލަމާރީގެ ދޮރުފަތެއްގެ އަތްގަނޑުގައި އަޅުވާފައި ހުރި ކޮނޑު ނަގައިގެން މަޑުމަޑުން ފާޚާނާއަށް ޝަބާ ގޮސްވަނެއެވެ. ފާހާނާގެ ރީތިކަމާއިއެކު ޝަބާއަށް ހުއްޓުން އެރިއެވެ. އިރުކޮޅަކު ފާޚާނާގެ އެތަންމިތަނަށް ނަޒަރު ހިންގަން ހުރެވުނެވެ. އަތުގައި އޮތް ކޮނޑުގައި ފަތްޖަހާލާފައި އަޅުވާލާފައި އޮތް ސެޓިން ފޮތީގެ ހެދުން ޝަބާ ނަގާ ފަތުރާލީ އެއީ ކޮންކަހަލަ ހެދުމެއްތޯ ބަލާލުމަށެވެ. ޝަބާގެ ދެބުމަކައިރިވެ ނިތަށް ރޫޖެހިގެން ދިއުމާއިއެކު ތިރީތުންފަތުގައި ދަތްއަޅާލެވުނެވެ.
“އަހަންނަށް އޭރުވެސް ހީވި މޯނާގެ ކަމެއްވިއްޔާ ހުންނާނީ މިކަހަލަ ގޮތަކަށްހެން” ޝަބާ އަމިއްލަ ހިތާ ވާހަކަދެއްކިއެވެ. އަތުގައި ފަތުރާލެވިފައިވާ ދަނބުކުލައިގެ ނިދާހެދުމަކީ ކިތަންމެ ރީތި އަގުބޮޑު ނިދާހެދުމަކަށްވިޔަސް، ޝަބާއަށް އެލައިގެން ހަމަނިދި ލިބޭނޭވަރުގެ ހެދުމަކަށް އެނުވިއެވެ. އޭގައި ދެއަތުގެ ބަދަލުގައި އޮތީ ދެރިބަންފަށެވެ. އެ ނިދާހެދުން ޝަބާ ލައިފިނަމަ އެހެދުން ހުންނާނީ އޭނާގެ ކަކުލުން މައްޗަށެވެ. ދުވަހަކުވެސް އެފާޑުގެ ހެދުން ލައިގެން ޝަބާ ނުނިދައެވެ. އޭނަގެ ފުރަތަމަ ކައިވެނީގަވެސް އެފަދަ ނިދާހެދުމެއް ނުލައެވެ. އޭނައަކީ ނިދާއިރުވެސް އެހާ ނިވާކަން ކުޑަ ހެދުން ލައިގެން ނިދާ އަންހެން ކުއްޖެއްނޫނެވެ. ވަރިބަލިކަން އިޙްސާސް ކުރެވެންފެށި ޝަބާ، އެނިދާހެދުން އަތްދޭތެރޭ ހިފަހައްޓާލައިގެން ހުރި ކޮނޑުގައި އަޅުވާލުމަށްފަހު އަނެއްކާވެސް ގެނެސް އަލަމާރި ދޮރުފަތުގެ އަތްގަނޑުގައި، ކުރިންވެސް އިންގޮތަށް އަޅުވައިލައިފިއެވެ. އޭނާގެ ހަށިގަނޑު އަރާމަކަށް އެދި ގޮވާކަމުގެ އިޙްސާސް ކުރެެވެމުންދާތީވެ ދެލޮލަށް ބަރުވާގޮތްވެ ސިކުނޑި ރަނގަޅަށް މަސައްކަތްކުރާގޮތެއްނުވިއެވެ. އެނދުގައި އޮތް ނާއިލުއަށް ބަލާލުމަށްފަހު އެކޮޓަރީގައި ހުރި ޓީވީގެ ކުރިމަތީގައި ވާ ސޯފާގައި ޝަބާ އައިސް އިށީނެވެ. އޭނަ އިނީ ވިސްނަންކަމަށްވިޔަސް، މަޑުމަޑުން ހަށިގަނޑު ސޯފާގެ ތެރެއަށް ދޫވަމުންގޮސް ޝަބާއަށް ސޯފާގައި ދެފައި ކުރުކޮއްލައިގެން ރަނގަޅަށް އޮށޯވެވިއްޖެއެވެ. މިނިދެނީކަން ނޭނގި އޮތް ޝަބާގެ ދެލޯ މަޑުމަޑުން މެރެމުންދިޔައެވެ.
ސޯފާގައި ޝަބާ އޮށޯތުމުން ނާއިލު އޭނާގެ ދެލޯ ރަނގަޅަށް ހުޅުވާލިއެވެ. އަދި ޝަބާގެ ހަރަކާތްތަކުން އޭނައަށް ކަމުނުދާ ކަމެއް ފާހަގައެއްނުވިއެވެ. މަޑުމަޑުން ބޯހިއްލާލުމާއިއެކު އޭނާ ދެންބަލާލީ ޝަބާ އަލަމާރީގައި އެޅުވި ނިދާހެދުމަށެވެ. މޯނާ އެހެދުން ގެނެސް އެތަނުގައި އަޅުވަމުން ނާއިލުއަށް އެހެދުންވަނީ ދައްކާލާފައެވެ. އަދި މިރޭ އޭނާގެ އަންހެނުން ލާނެ ހެދުމަކީ އެއީ ކަމުގައި ބުންޏެވެ. އެހެންވެ، އެހެދުމާއި ދޭތެރޭ ޝަބާ ކަންތައްކުރާނެ ގޮތެއް އޭނަ އޮތީ އެނގެންބޭނުންވެފައެވެ. އަނެއްކޮޅުން ޝަބާ އޭނަ އާއި އެއް އެނދުގައި އޮށޯވެދާނެތީވެސް އޭނަ އޮތީ ކަންބޮޑުވެފައެވެ. ސިއްރުން ޝަބާ އުޅުނުގޮތް ބަލަން ޖެހުނީވެސް އެހެންވެއެވެ. ފުންނޭވާއެއް ބޭރުކޮއްލުމާއިއެކު އަނެއްކާވެސް ނާއިލު ސޯފާއަށް ބަލާލިއެވެ. އޭނައަށް ޝަބާއެއް ނުފެނެއެވެ. މަތީ ސީލިންގަށް ނަޒަރު ހުއްޓާލުމާއިއެކު އަދިވެސް އޭނަ ވިސްނަމުންދިޔައެވެ.
ޝަބާއަށް ހޭލެވުނީ ވަރަށް ބޮޑަށް ފިނިވެގެންނެވެ. އާފުރިލަމުން އޭރުވެސް ބޮލުގައި ހަރުކޮއްފައި ހުރި ލޭސްފޮތިގަނޑު ގެނެސް ގަޔާލާ ވަށާލަމުން ނިދިބަރުކަން އެކުލެވިފައިވާ ދެލޯ ރަނގަޅަށް ހުޅުވާލަން މަސައްކަތްކުރިއެވެ. ޝަބާއަށް މާބޮޑަށް ފިނިވުމުގެ ސަބަބުން ހަށިގަނޑުގައި މަޑުތުރުތުރެއްވަނީ އުފެދިފައެވެ. ހަށިގަނޑުގެ ގުނަވަންތައް މަސައްކަތްކުރަންވެސް އިރުކޮޅެއް ނެގިއެވެ. މަޑުމަޑުން ތެދުވެ އެންމެ ފުރަތަމަވެސް ބަލާލީ އެނދާއިދިމާލަށެވެ. ޝަބާއަށް ލިބުނީ ވަރަށްވެސް ބޮޑު ހައިރާންކަމެކެވެ. ނާއިލު އެނދުގައި އޮތީ އޭނަ އެކޮޓަރިއަށްވެސް ވަންއިރު އޮތްގޮތަށެވެ. ފަރާތަކަށް ޖެހިލަން މަސައްކަތްކުރިކަމުގެ ނިޝާނެއްވެސް ފެންނާކަށްނެތެވެ. ޝަބާ އޭނާގެ ދެލޯ އިނގިލިތަކުން އުނގުޅާލުމަށްފަހު އެނދާއި ދިމާލަށް ބަލާލީ ގަބޫލުނުކުރެވިގެންނެވެ. ނާއިލު އެހެން އޮންނައިރު ހީވަނީ މަރުވެފައިވާ މައްޔިތެއްހެންނެވެ.
ހީކަރުވާލުމާއިއެކު ހަށިގަނޑު ރޫރޫއަޅާލުމުން އަނެއްކާވެސް ޝަބާއަށް ވެފައިހުރި ފިނި އިޙްސާސްކުރެވުނެވެ. އަދި ކޮޓަރިތެރޭގައި ހުރި އޭސީގެ ރިމޯޓު ހޯދަންފެށިއެވެ. އެހެންނަމަވެސް އެއެއްނުފެނުންވެ. ދެންބެލީ ޝަބާގެ މޯބައިލް ފޯނު ފެނޭތޯއެވެ. އޭތި އޮތީ ޝަބާ އެންމެފަހުން ގެންގުޅުނު އަތްދަބަހުގެ ތެރޭގައެވެ.
“ނަސީބެއްނު ހޭލެވުނުކަން، ހަމަ ރަނގަޅު ގަޑިއަށް މިހޭލެވުނީ” ފޯނުގެ ސްކްރީން ދިއްލުމާއިއެކު ގަޑިންވީއިރު ފެނުމުން ޝަބާއަށް ބުނެލެވުނެވެ. އެކަމަކު އޭނައަށް ހީވީ ކުޑަކުޑައިރުކޮޅަކު ނިދާލާފައި ތެދުވެވުނު ހެންނެވެ. އަވަސްވެގަތީ އިތުރުވަގުތު ތަކެއް ބޭކާރުކޮއްނުލާ ފަތިސްނަމާދަށް އެރުމަށެވެ. ފިނިކަމުން މީހާ ރޫރޫއެޅިކަމުގައި ވިޔަސް ޝަބާ ބޭނުންވީ ފެންވަރާލައިގެން ނިކުމެ ނަމާދުކޮއްލުމަށެވެ. ކޮޓަރީގައި ހުރި އޭނާގެ އަންނައުނު އެޅި ފޮށި ހުޅުވާލިއެވެ. ހެދުންތަށް ހާވަމުން އެގަޑިއަށް ގަޔަށް ފަސޭހަވާނެ ހެދުމެއް ނަގައިގެން ފާޚާނާއަށް ވަނެވެ.
ފެންވަރާނިމުނުއިރު ޝަބާހުރީ ފަތިހުގެ އެފިންޏަށް ކުޑަކޮށް ހޭނިފައެވެ. މުޅިހަށިގަނޑަށް ތާޒާކަންވެރިވުމާއިއެކު ނިދީގެ އަސަރު ފިލުވާލައިފިއެވެ. ޝަބާއަށް ތައްޔާރުވާންވެސް ޖެހުނީ ފާޚާނާގައި ހުރެގެންނެވެ. ނާއިލުގެ ކުރިމައްޗަށް ބުރުގާ ނާޅާ ނުކުންނާނެހާ ހިތްވަރު އޭނާގެ ނެތީއެވެ. އެކޮޓަރީގައި ޝަބާ އުޅެން ބޭނުންވަނީ ނާއިލަށް އުނދަގޫނުވާނެހެންނެވެ.
ނިންޖާއިއެކު މޫނުއަނބުރާލެވުނު ނާއިލުގެ ލޯކުޑަކުޑަށް ހުޅުވުނެވެ. އޭރު ކޮޓަރިތެރޭގައި ހުދުފޮތިގަނޑެއް އަޅައިގެން ހުރި މީހަކު ފެނުމުން އޭނަ ދިޔައީ ސިއްސައިގެންނެވެ. ވަގުތުން ދެލޯ ބޮޑުކޮއްލާފައި އެއީ ކާކުތޯ ބަލާލެވުނެވެ. އޭނައަށް ލިބުނު ސިހުން ވަގުތުން ފިލާދިޔައީ ހުދުކުލައިގެ ނަމާދުދޮޅީގައި ހުރީ ޝަބާކަން އެނގުމުންނެވެ. އެމަންޒަރު ބަލަންއޮތްއިރު ނާއިލުއަށް ބުނެދޭންނޭނގޭ އިޙްސާސްއެއް ހިތަށް ކުރުވިއެވެ. އެހިތުގައި ޝަބާ އާއިމެދު އޮތް ހިތްހަމަނުޖެހުން ފިނިވެ ވިސްނުން ބަދަލުކުރަން އޭނާގެ ޒަމީރަށް މަޖުބޫރު ކުރުވިކަމަކަށް އެމަންޒަރު ވެގެންދިޔައެވެ. ނާއިލްއަށްވެސް ދީނަކީ ކޮބާކަން އެނގެއެވެ. އަދި ދީނުގައި އަންގަވާފައިވާ ކަންތައްތައްވެސް އެނގެއެވެ. އޭނާގެ މައިންބަފައިން އޭނާއަށް ހުރިހާ ކަމެއްވެސް ދަސްކޮއްދިނެވެ. ރަނގަޅު މަގު ދައްކައިދިނެވެ. އެހެންނަމަވެސް އޭނަ ނަމާދަކަށް އެރި ހަދާނެއްނެތެވެ. ޚާއްޞަކޮށް ފަތިސް ނަމާދަށް ހޭލަންޖެހޭތީވެސް ބޮޑުކަމަކަށްވެއެވެ. ހިތުގައި ފޮރުވިފައިވާ އީމާންތެރިކަން ފާޅުވާންއުޅޭކަހަލައެވެ. ތަފާތު ހިޔާލުތަކުން އަނެއްކާވެސް ނާއިލުގެ ސިކުނޑި ފުރެންފަށައިފިއެވެ.
ނަމާދުން އަވަދިވި ޝަބާ ދެންވެސް ގޮސް ހަށިގަނޑު ދަމާލީ އެކޮޓަރީގައި ހުރި ސޯފާގައެވެ. އޭރު ބޭރުތެރެއިން އިރުގެ އަލިކަން ފާޅެއްނުވެއެވެ.
ހެނދުނު އަށެއްޖަހަން އުޅެނިކޮށް މީކާ އައިސް ނާއިލުގެ ކޮޓަރީގެ ދޮރުހުޅުވަން ހިފާލިއިރު، ދޮރު ހުރީ ތަޅުނުލައެވެ. އެހެންވެ ދެމަފިރިންވެސް އުޅެނީ ހޭލާކަމުގައި އޭނަ ވިސްނިއެވެ. އަދި ނާއިލުގެ ކަންތައްތަކުގައި ޝަބާއަށް އެހީވުމަށް އޭނަ އަވަސްވެގަންނަމުން ކޮޓަރީގެ ދޮރުހުޅުވާލާފައި ވަން މީކާއަށް ލިބުނީ ހައިރާންކަމެވެ. އެއްފަރާތު ސޯފާގައި ނިދާފައި އޮތް ޝަބާ ފެނުމުންނެވެ. އަދި އެނދުގައި ހޭލާއޮތް ނާއިލުފެނިފައެވެ. މީކާ މާފަށްއެދެމުން ނުކުންނަން އުޅުނުވަގުތު ނާއިލު ބޮލުގެ އިޝާރާތުން އެތެރެއަށް އައުމަށް ބުންޏެވެ. މީކާ، ނިދިފައި އޮތް ޝަބާއަށް ބަލާލުމަށްފަހު މަޑުމަޑުން ދޮރު ލައްޕާލާފައި ނާއިލުގެ ގާތަށް ދިޔައެވެ.
“ޕްލީޒް ޑޯންޓް މޭކް ސޯ މަޗް ނޮއިސް” މީކާ ނާއިލުގެ ގޮނޑިއަށް ލުމަށް އެހީވާން އުޅުމުން އޭނަ ބުނެލިއެވެ. ނާއިލު އެހެން އެބުނީ ޝަބާ ހޭލަފާނެތީކަން މީކާއަށް ވިސްނި ހިނިތުންވެލިއެވެ.
ގިނައިރެއްނުވެ ނާއިލު ހެނދުނުގެ ނާސްތާކުރަން ތައްޔާރުވެ މީކާ އާއިއެކު ކާކޮޓަރިއަށް ދިއުމަށް ކޮޓަރިން ނުކުތެވެ. އޭރުވެސް ޝަބާއަށް އޮތީ ނިދިފައެވެ. ކާކޮޓަރި އާއި ހަމައަށް ނުފޯރަނިސް ނާއިލު މީކާއަށް ގޮވާލަމުން އެނބުރި ކޮޓަރިއަށް ދިއުމަށް ބުންޏެވެ. އޭނަގެ ސިކުނޑީގައި ހިނގަނީ ކޮންފަދަ ހިޔާލުތަކެއް ކަމެއްނޭނގެއެވެ.
“މީކާ، ވޭކް ހާ އަޕް” ނާއިލު ފިކުރެއްގައި އިނދެ ބުނެލިއެވެ. އަރާމުކަމާއިއެކު ނިދިފައިއޮތް ޝަބާއަށް ގޮވަން ޖެހިލުންވެފައި ހުރި މީކާ އެކަންކުރީ ނާއިލު ބުނުމުންނެވެ. އެހެންނޫންނަމަ އޭނަ ޝަބާގެ ނިދި ހަލާކުކޮއްލާކަށް އެއްގޮތަކަށްވެސް ބޭނުމެއްނޫނެވެ. އެގޮތަށް ނާއިލު ކަންތައްކުރީ ކީއްވެބާއޭ މީކާ ހިތަށްއެރިއެވެ.
ދެލޯ ހުޅުވުމާއިއެކު ޝަބާ ފުންމައިގެން ތެދުވެ ސޯފާގައި އިށީނދެއްޖެއެވެ. އަދި އަވަސް އަވަހަށް އަޅައިގެން ހުރި ޑަބަލްނެޓު ފޮތީގެ ވައްބުރުގާ ރަނގަޅުކޮއްލިއެވެ.
“މީކާ، ތައްޔާރުވެގެން ސައިބޯން އަންނާށޭ އޭނަ ކައިރީ ބުނޭ… ނައު ޓޭކްމީ ޓު ބްރޭކްފަސްޓް” އާމުކޮށް މީކާ އާއި އިނގިރޭސިން ވާހަކަދައްކާ ނާއިލު ދިވެހިން ވާހަކަދެއްކީ ޝަބާ އާއި ސީދާ ވާހަކަދައްކަން ބޭނުންނުވާކަން އެނގޭގޮތަށެވެ. މީކާ ޝަބާއަށް ބަލާލީ ހަމްދަރުދީވާފަދަ ބަލާލުމަކުންނެވެ. ޝަބާ އަވަސް އަވަހަށް މީކާއަށް ހިނިތުންވެލަމުން ސޯފާއިން ތެދުވެގެން ފާޚާނާ އާއި ދިމާލަށް ހިނގައިގަތެވެ. އޭނަ އިރުކޮޅަކު ފާޚާނާގައި މަޑުކޮއްލީ ނާއިލު ކޮޓަރިން ނުކުމެގެން ދަންދެނެވެ. ނާއިލު ވާހަކަދެއްކި ގޮތުންވެސް ޝަބާއަށް އޭނަގެ ފިރިމީހާ އާއި ދެމެދު އޮތް ދުރުކަން އިޙްސާސްވެ ދެނެގަންނަން އުނދަގުލެއްނުވިއެވެ. ނަމަވެސް ނާއިލު އެގޮތަށް ވާހަކަދެއްކުމުން އޭނަ ހިތްހަމަނުޖެހުނެވެ. އަވަހަށް ތެދުވެގެން ގޮސް ފާޚާނާއަށް ވަނީވެސް ނާއިލުގެ ކުރިމަތީގައި ހުންނަން ބޭނުންނުވެގެންނެވެ.
ކާމޭޒު ދޮށުން ނާއިލު އާއިއެކު ޝަބާ ފެނުމުން ސަމީރާގެ މޫނުމަތި އުޖާލާވެގެންދިޔައެވެ. އެތަނުގައި އެދެމަފިރިންނާއި ސަމީރާ އާއި އަސްލަމް ފިޔަވާ އިތުރު ބަޔަކުނެތެވެ. ނުކެރިފައި އިން ޝަބާ މަޑުމަޑުން ސައިބޯން ފެށިއެވެ. އޭނަގެ އަނގަޔަށް ދިމާކޮއްލި ޕާންފޮތި އަތުން ދޫވެގެން ދިޔައިރު އޭނަގެ މޫނުމަތިން ފެންނަނީ ބިރުވެރިކަމާއި ކަންބޮޑުވުމާއި ހާސްކަމެވެ.
“ކިހިނެއްވީ…” ސަމީރާއަށްވެސް ޝަބާއަށް ވީގޮތް ފެނުނެވެ.
“އެއީ އެވަރުކަމެއްނޫން، ބައެއްފަހަރު ކާތަށިން ބޭރަށްވެސް އެއްޗެހި އެޅޭނެ، ލީލާ ފަހުން އެތަން ސާފުކޮއްލަފާނެ” އަސްލަމް ހީކުރެއްވީ ޝަބާ ކަންބޮޑުވީ އޭނަގެ އަތުން ޕާންފޮތި ވެއްޓުމުންކަމަށެވެ. އެމީހުންނަށް ނޭނގޭކަމީ، ޝަބާއަށް ފެނުނު މަންޒަރު އެމީހުންނަށް ފާހަގަ ނުކުރެވޭކަމެވެ. އެއީ ބަލާލަން ބިރުވެރި ހަޔާތް އަނދިރިކުރާފަދަ މަންޒަރެކެވެ. އެއްފަހަރާ އެތަށްބައެއްގެ އަޑު ޝަބާގެ ކަންފަތުގައި ގުގުމާލި ކަހަލައެވެ. ބާރަށް ތެޅެމުން ދިޔަ ހިތާއިއެކު އިތުރަށް ސައިބޯންވެސް އޭނަ ބޭނުންނުވިއެވެ. އޭގެ ބަދަލުގައި އޭނަގެ ނަޒަރު ނުސީދާކޮށް ހުއްޓެމުންދިޔައީ މީކާ އޭނާގެ އަތުން ކާންދެމުންދިޔަ ނާއިލުއަށެވެ.
ޝަބާގެ ހަރަކާތްތަކަށް ސަމާލުކަމެއް ދޭން ބޭނުންނުވެފަ އިން ނާއިލް އޭނާގެ ނަޒަރު ސީރިއަލް އާއި ކިރާ އަޅާފައިވާ ތަށީގެ ސަމްސަލާއި ވަކިކޮށްނުލިއެވެ. އެހެންނަމަވެސް މީކާއަށް ހުއްޓުމެއް އައެވެ. އޭނާވެސް ހައިރާންވީ ޝަބާގެ މޫނުމަތިން ފެންނަމުންދިޔަ ހާސްކަން ފެނިފައެވެ. މީގެ ކުޑަކުޑައިރުކޮޅެއް ކުރިން އޭނައަށް ހިނިތުންވުމެއްދިން އެމޫނުމަތިން އޭނައަށް މިހާރު ބުނެދެނީ މުޅިން ތަފާތު ވާހަކައެކެވެ.
ޝަބާއަށް ލިބުނު ނުތަނަވަސް ކަމާއިއެކު ނިތްކުރިން އެކަން ފާޅުވާންށިއެވެ. ކުދިކުދި ދާތިކިތައް ގިނަވެ ދެދަތްޕިލާ ޖައްސާބާރު ކުރަމުންދިޔައީ އޭނާގެ ސިކުނޑިއަށް ކުރާ ބާރު ފޮރުވުމަށްޓަކައެވެ. އޭރު އޭނާގެ ކަންފަތްދޮށުގައި އެތަށްބައެއްގެ އަޑުތަށް ތަކުރާރުވަމުންދާހެން ޝަބާއަށް ހީވެއެވެ. އޭނާގެ ނިތްކުރި ހީވަނީ ފަޅައިގެން ހިނގައިދާނެހެންނެވެ. ހިތަށް ކުރި ބާރާއިއެކު ހިތުގެ ނާރުތައް ފިތި ލޭގެ ހިނގުން ހުއްޓި، ހިތްއޮތް ފަރާތުގައިވާ އަތްވެސް އައްސިވާހެން ހީވެއެވެ. އިސްޖަހާލައިގެން ހެނދުނުގެ ނާސްތާގައި އަލުން ބައިވެރިވާން ކުރި މަސައްކަތްވީ ބޭކާރެވެ. ތަށިކައިރީ ގައި އޮތް ނެޕްކިން ނަގާ ތުންފޮހެލުމުގެ ބަދަލުގައި ޝަބާގެ ނިތްކުރި އޭނާ ފޮހެލިއެވެ. އަދި މަޑުމަޑުން ގޮނޑި ފަހަތަށް ކަހާލުމާއިއެކު ޝަބާ ތެދުވަމުން ސަމީރާއަށް ބަލާލިއެވެ.
“އަޅުގަނޑު…” ޝަބާ، ސަމީރާއަށް ބަލާލާފައި އެއްޗެއް ބުނަން އުޅެފަވެސް، ދެން ބަލާލެވުނީ އަސްލަމް އާއި ދިމާލަށެވެ.
“ދަރިފުޅު ސައިބޮއެ ނިމުނީތަ” ސަމީރާ ހިނިތުންވެލަމުން އަހާލިއެވެ. އޭނައަށް ޝަބާ ހާސްވެފައި ހުރިކަން އެނގެއެވެ. އެހެންނަމަވެސް އެއީ މާބޮޑު ކަމަކާއޭ ސަމީރާގެ ހިތަކަށްވެސް ނޭރިއެވެ.
“ޝަބާ، ހާދަކުޑަކޮށް ސައި ތިބުއީ، ބައްޕަ ބަލަންށޭ މީނީ، ޖޫސްތަށީގަ އަތްވެސް ނުލާ، ކާންއުޅުނު ޕާންފޮތި ވެއްޓުނަސް ތިހާ ހާސްނުވެބަލަ، މި މާހައުލަކީ ޝަބާއަށް މުޅިން އައު މާހައުލަކަށްވިޔަސް، މިގޭގަ ޝަބާއަށް އެއްޗެއް ބުނާނެ މީހަކު ނުހުންނާނެ، ބައްޕައަށް ފެންނަނީ ދަރިފުޅު ޖޫސްތަށި ބޯލައިގެން ދާން” އަސްލަމް ހިނިތުންވެލައްވަމުން ބުނުއްވިއެވެ. ޝަބާއަށް އަސްލަމްގެ އެދިލެއްވުމަކަށް ދެކޮޅަކު ހަދަން ވަކި ކެރޭނެހެއްޔެވެ. ގޮނޑިން ބުޑުހިއްލާލި ކަމަކު އަވަސް އަވަހަށް ގޮނޑީގައި އިށީނުމާއިއެކު ޖޫސްތަށިނަގާ ތުނބުގައި ޖަހާލައިފިއެވެ. ކޮޅަކަށް ކަޅި ހިންގާލުމެއް، ނޭވާ ލުމެއްނެތި، ޝަބާ ޖޫސްތަށި ބޮއެ ހުސްކޮށްލައިފިއެވެ. އަދި ގޮނޑީގައި ކައްޓެއް އިނުމުން ތެދުވާ އުސޫލުން އަނެއްކާވެސް ޝަބާ ތެދުވިއެވެ. އަސްލަމަށް މިމަންޒަރު ފެނިލެއްވުމުން ހީނލެއްވުމާއިއެކު ޝަބާއަށް ބޯޖަހާލެއްވީ އެތަނުން ދިޔަޔަސް އެންމެ ރަނގަޅު ކަމުގައި ބުނުއްވުމުގެ ގޮތުންނެވެ. ސަމީރާގެ ގާތަށްވެސް ޝަބާގެ އެ ހަރަކާތުން ހިނިއައެވެ. އަދި އޭނަ ސިއްރުން ބަލާލީ ނާއިލުއަށެވެ.
ސަމީރާމެންގެ ލޮލަށް ނުފެންނަ ހިސާބަށް އާދެވުމާއިއެކު، ހަލުވި ހިނގުމުގައި އައި ޝަބާ ދުވަމުން އައިސް ކޮޓަރިއަށް ވަނުމާއިއެކު ދުވެފައި ގޮސް ފާޚާނާއަށް ވަނެއެވެ. މޫނުދޮންނަ ތަށިހަރުކޮއްފައިވާ ހިލަގަނޑުމަތީ އަތްއަޅުވާލައިގެން ދިމާކުރިމަތީ މުޅި ފާރަށް ފިޓުކޮއްފައިވާ ބޮޑު ލޯގަނޑަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނަގެ ނިތްކުރީގައި އަތްހާކާލެވުމާއިއެކު ވަށައިގެން ހޯދާލެވުނެވެ. އޭނަނޫން އެކަކުވެސް އެތަނަކު ނުވެއެވެ. ނަމަވެސް އޭނާގެ ކަންފަތަށް އެއިވޭ އަޑުތަކެއް ނުހުއްޓުނެވެ.
“އަހަންނަކަށް ތިއެއްނޭނގެ، ކުރިކަމެއްވިއްޔާ ކުރީ މަންމަ…” ޝަބާގެ ކަންފަތަށް އޭނަގެ އެއްބަނޑު އެއްބަފާ ދޮށީ ދައްތަގެ އަޑުއިވުނެވެ. އެއާއިއެކު އެއްފަރާތަކަށް ބަލާލެވުނީ ބޭއިޙްތިޔާރުގައެވެ. ދެންއިވުނީ ފަރުޝާގެ އަޑެވެ. އެހިނދު ވާތްފަރާތަށް އެނބުރިލެވުނެވެ. ދެން އަނެއްކާވެސް އެހެންމީހެއްގެ އަޑެވެ. ޝަބާއަށް އޭނަގެ ބޮލުގައި ދެއަތުން ހިފަހައްޓާލެވުމާއިއެކު އަމިއްލަ ޒަމީރަށް ބަލާލީ ލޯގަނޑުންނެވެ. އެހިނދުކޮޅުގެ ތެރޭ ޝަބާއަށް ރޮވިއްޖެއެވެ. ބޮލުގައި ހިފެހެއްޓި ދެއަތުން ދެކަންފަތުގައި އަޅާ ބާރުކުރަމުންދިޔައެވެ. މަޑުމަޑުން އެއްފަހަރަށްވުރެ އަނެއްފަހަރު ޝަބާގެ ރުއިމުގައިވާ އަސަރު ގަދަވަމުންދިޔައެވެ. ނޯށުން އަންނަންފެށި ފެނާއިއެކު އޭނައަށް ގިސްލެވުނެވެ. އޭނަގެ ކަންފަތަށް އިވެމުންދިޔަ އަޑުތައްވެސް މަޑުމަޑުންހެން ކެނޑިއްޖެއެވެ. އަޅައިގެން އިން ބުރުގާއާއިއެކު ޝަބާ މޫނު ފޮރުވާލަމުން އެތަށް އިރަކު ރުޔެވެ. އޭނަގެ ޒަމީރު އޭނައަށް ހިތްވަރު ލާދެމުންދިޔައީ ކަންތައްވީގޮތް ރަނގަޅަށް ޝަބާއަށް ވިސްނާދެމުންނެވެ. ރާއިދުގެ ހަނދާންތައް އެފަދަ ކޮންމެ ވަގުތެއްގައި ޝަބާގެ ހިތް އިތުރަށް ރޮއްވައެވެ. މިއަދު އޭނައަށް ވިސްނުނީ ކައިވެންޏަކުން އޭނައަށް ލިބޭނެ އުފަލެއް އިތުރަށްނެތްކަމެވެ. ޝަބާގެ ހިތާއި ނަފްސު ބަލިކަށިވެ ފާޚާނާގެ ތަޅުމުގައި އީށީނދެވުނު ހިނދު، އޭނާގެ އީމާންތެރި ކަން އޭނާއަށް އެހީތެރިވެދިނެވެ. ﷲ ގެ މަތިން ގިނަގިނައި ހަނދުމަކުރާ އަޅަކު ކަމުގައި ވުމަށް އޭނައަށް ގޮވާލީ ހަށިގަނޑުގެ ކޮންހިސާބަކުން ކަމެއް ނޭނގެއެވެ. ސިކުނޑިން ކަމެއް، ނޫނީ އެއަޑުއައީ ހިތުންކަމެއް ނޭނގެއެވެ. ރޮވެމުންދިޔަ ޝަބާ ދެލޯ ފޮހެމުން ހުއްޓުމެއްނެތި އަންނަ ކަރުނަތައް ހިފަހައްޓަން މަސައްކަތްކުރިއެވެ. ޝައިތާނީ ވަސްވާހުގެތެރޭން އެބައެއްގެ ފައިތިލަދަށުން ނޫނީ ސުވަރުގެ ނުލިބޭނެ ބައެއްގެ މައްޗަށް ރުޅި އިސްކޮށް ހަސަދަލުމުގެ ބަދަލުގައި އޭނާގެ ނަފްސު ތާހިރު ކުރެވޭތޯ މަސައްކަތްފެށިއެވެ.
“އެއީ އަހަރެންގެ މަންމަ، އެރަހިމުގެ ތެރޭން އަހަރެން މިދުނިޔެއަށް ފުރަތަމަ ނޭވާލީ، އެރަޙިމުގައި އޮތްއިރު އަހަރެންގެ މައްޗަށް ރައްކާތެރިވެ މިދުނިޔެއަށް އަހަރެން އުފަންކުރުމަށްޓަކައި އުފުލަންޖެހުނު ހުރިހާ ބުރައެއް އުފުލީ ހަމަ އެމަންމަ، މަންމަގެ ހިތުގައިވާ އެއްޗެއް އަހަންނަށް ނޭނގުނު ކަމުގައިވިޔަސް، އަހަރެންގެ ހިތުގައި މަންމައަށްޓަކައި ބުރަކަމެއް ދުވަހަކުވެސް ނުބާއްވާނަން، ﷲ ގެ ހައްޤުގައި ތިމަންމައަށް ހެޔޮދުޢާކުރާ ދަރިއަކު ކަމުގައިވާނަން، މީ ﷲ އަހަންނަށް މެދުވެރިކުރެއްވި އިމްތިހާނެއްކަން ޔަގީން، ހަމަކަށަވަރުން ޤައިބުވާކަންތައްތައް މޮޅަށް ދެނެވޮޑިގެންވަނީ ﷲ….މީ އެކަނލާނގެ މިންވަރުފުޅު…” ޝަބާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެފޮހެ ގޮސް ދެލޮލުގެ ކައިރި ރަތްވެ ދުޅަވާގޮތްވެއްޖެއެވެ. އޭނާ އަދިވެސް އެމަސައްކަތްކުރަނީ ނުރޮއެހުއްޓާލުމަށެވެ. ލޮލުން އޮހޭ ކަރުނަ ކޯތާފަތުގައި ޖެހުމުގެ ކުރިން ފޮހެމުންދިޔައީ އެހެންވެއެވެ.
ހެނދުނުގެ ނާސްތާއަށްފަހު ކޮޓަރިއަށް އަންނަން ބޭނުންނުވިޔަސް ނާއިލަށް ދާނެ އިތުރު ތަނެއްނެތެވެ. ކުޑަކުޑައިރުކޮޅެއްގެ ތެރޭގައި ސަމީރާވެސް ގަސްތަކަށް ފެންދީ ހަދަން ނުކުންނާނެވެ. އެހެންވެ މީކާ އާއިއެކު އައިސް ކޮޓަރިއަށް އޭނާ ވަނެވެ. އެދެމީހުންވެސް ހައިރާންވީ އަންހެނަކު ގިސްލާފައި ރޮމުންދިޔަ އަޑުއިވުމުންނެވެ. ދެމީހުންނަށް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނީ ކަންބޮޑުވުމާއި ހައިރާންކަމާއިއެކުއެވެ. ދެމީހުންނަށްވެސް ވަގުތުން އެއީ ކާކުގެ އަޑުކަން އެނގުނެވެ. މީކާ ނާއިލުގެ ގޮނޑި ދަމަމުން ކޮޓަރީގައި ހުރި ކުޑަދޮރުގެ ކައިރިއަށް ގެންދިޔައެވެ. އެތަނުގައި ހުންނައިރު ފާޚާނާގެ ދޮރު ރީތިކޮށްފެންނާނެއެވެ. ނާއިލު އެދުނީ މީކާ ގާތުން އެކޮޓަރިން ދިއުމަށެވެ. އޭނައަށް އެގޮތަށް ކަންތައްކުރެވުނީ ކީއްވެކަމެއް ޚުދު އޭނައަށްވެސް ނޭނގުނެވެ. އަންހެން ކުއްޖަކު ރޯއަޑު އެހި މީ ފުރަތަމަ ފަހަރެވެ. އޭނާއަށް އެހީތެރިކަމެއް ފޯރުކޮއްނުދެވޭނެކަން އެނގިހުރެވެސް އޭނާ ބޭނުންވީ މީކާ އެތަނުން އެވަގުތު ފޮނުވާލާށެވެ. އަދި ފާޚާނާ އާއި ދިމާލަށް ބަލަހައްޓައިގެން އޭނާއަށް އިނދެވުނީއެވެ.
ވަށައިގެންވާ ކަންތައްތަކަށްވުރެ އަމިއްލަ ސިކުނޑީގައި އުފެދިފައިވާ ހައިޖާނުގެ ކޮޅިގަނޑު މާވަރުގަދައެވެ. ހޮޅިލާފައިނަގާ ބިޔަރާޅުތަކުން ގެނބިމަރުވެދާނެއޭ ހީވާހާ ބިރުވެރިއެވެ. އެހިޔާލުތަކުގެ އޮޔެވަރުގައި ޖެހިފައި އިން ޝަބާއަށް ފާޚާނާގެ ދޮރުހުރީ ކުޑަކޮށް ހުޅުވިފަކަމެއް ނޭނގެއެވެ. ސާފުކޮށް ޝަބާގެ ރުއިމުގެ އަޑު އެތަނުން ބޭރުވަމުންދިޔައެވެ. އެއަޑު އަހަން ދުރުގައި އިން ނާއިލުގެ ހިތަށްވެސް ގޮތްތަކެއް ވަމުންދިޔައިރު އޭނާގެ ނިތްކުރި އާއި ދެލޯ ހެކިދެނީ ޝަބާގެ ހާލު އޭނަ އެނގެން ބޭނުންވެފައިވާކަމެވެ. އިރުކޮޅަކަށް ޝަބާގެ އަޑުކަޑައިގެން ދިއުމާއިއެކު ނާއިލުއަށް ހީވީ ޝަބާ ރުއިން ހުއްޓާލީ ކަމުގައެވެ.
ކޮޅަށް ތެދުވެ ލޯގަނޑަށް ބަލަހައްޓައިގެން ހުރި ޝަބާ މޫނުދޮންނަ ތަށީގައިވާ އިސްކުރުގެ އަތްގަނޑު މައްޗަށް ހިއްލާލުމާއިއެކު އޭގެން ފެންއޮހެންފެށިއެވެ. މަޑުމަޑުން ދެއަތްތިލަ ތެތްމާލުމައިއެކު ގެނެސް މަރާލެވުނު ދެލޮލުގައި ޖައްސާލީ ބޮޑިތާންކޮއްލާފަދަ ގޮތަކަށެވެ. މިފަދަ ބޮޑު އިމްތިހާނެއް އޭނަގެ މުޅިއުމުރުގައިވެސް ކުރިމައްޗެއްނުވެއެވެ. ހިތާ ސިކުނޑި މޮޮޔަވެ ގޮތްހުސްވެ އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ ބަރޯސާ ގެއްލޭވަރުގެ އީހްސާސެއް މިނޫނީ ޝަބާއަށް ތަހައްމަލު ކުރާކަށް ނުޖެހެއެވެ. އަނެއްކާވެސް ޝަބާ ދެއަތް އިސްކުރުން އޮހެމުންދިޔަ ފިނިފެނުން ދޮވެލުމަށްފަހު ފެންގޮއްޓަކުން މޫނުދޮވެލިއެވެ. އަދި ފުންނޭވާއެއް ބޭރުކޮއްލިކަމުގައިވިޔަސް ހީވީ ގިސްލުމާއިއެކުވެގެން އަނގައިން އާހެއް ބޭރުވިހެންނެވެ. ކުރިމަތީގައި ހުރި ލޯގަނޑުން އޭނައަށް ރޭގެ މަންޒަރުތައް ފެންނަން ފެށިކަހަލައެވެ. ކުލަމަންޒަރުތަކެކެވެ. ނާއިލުގެ އާދަޔާއި ހިލާފު އުޅުމުގެ ފަހަތުގައި ފޮރިވިފައިވި ހުރިހާކަމެއްގެ ފަރުދާކެހިއްޖެއެވެ. ނާއިލުއަކީ ބަލިމީހެކެވެ. އޭނަ ހީކުރިވަރަށްވުރެވެސް ބަލިމީހެކެވެ. ޝަބާގެ ކުރިމަތީގައި އޭނައަށް ކިރިޔާވެސް ގޮތެއް އޮތްނަމަ ގޭގެ ނޯކަރެއްލައްވާ އަނގަޔާއި ހަމައަށް ސަމްސާލިޔަ ނުދެނޭކަން އެނގެއެވެ. ބޮޑާވުމެއް އެކަމުގައި ނެތެވެ. ދެއްކުންތެރިކަމެއްވެސް ނެތެވެ. މައިންބަފައިން އަމިއްލަ އަތުން ނާސްތާކުރަމުން ދިޔައިރު ނާއިލު އޭނާގެ މައިންބަފައިންގެ ގަދަރު ކުޑައެއް ނުކުރާނެއެވެ. މޫނު ދޮންނަތަށީގެ ދެފަރާތުގައި ބާރަށް ހިފަހައްޓާލުމާއިއެކު ނުރޯން ތުންފިއްތަމުންދިޔަ ޝަބާގެ ދެލޮލުން ހޯސްލާފައި ފޭބި ކަރުނައިން ދެކޯތާފަތްތެމި ދެލޮލާ ނޭފަތުގެ ކޮޅަށް މަޑުރަތްކުލައެއް އަރައިގެންދިޔައެވެ. ނާއިލު އާއި ކުރިމަތިލާނީ އޭނަ ކިހިނެއްބާއޭ އެތަށް ފަހަރަކު އަމިއްލަ ޒަމީރާ ސުވާލުކުރިއެވެ.
ކުޑަދޮރުގެ ކައިރީ ފާޚާނާ އާއި ދިމާލަށް ބަލަހައްޓައިގެން އިން ނާއިލުއަށް އަނެއްކާވެސް ޝަބާގެ ރުއިމުގެ އަޑުއިވުމާއިއެކު އޭނަގެ ދެތުންފަތްދޭތެރެއިން މަޑުއާހްއެއް ނުކުތެވެ. ޝަބާއަށް ވީގޮތެއް އޮޅުން ފިލުވާހިތުން އޭނަގެ ޒަމީރު ތެޅިފޮޅެން ފެށުމާއިއެކު ދެތުންފަތުގައި ދޫހާކާލުމާއިއެކު ތިރީތުންފަތުގައި ދަތްއަޅާލެވުނީ ކެތްތެރިކަން ކުޑަވެފައިވާ ގޮތަކަށެވެ. ލޮއެގެ ހިތެއްވެސް ވިރުވާލާނެހާ ވޭނުން ފުރިގެންވި އަސަރުގަދަ އަޑެކެވެ. މިއަދު އެކޮޓަރީގައި ނާއިލުގެ ބަދަލުގައި އެހެން ފިރިހެނަކު ހުރިނަމަވެސް ދުވެފައި ގޮސް އެއަންހެން ކުއްޖާގެނެސް އަތުގެތެރެއަށް ލާން މަޖުބޫރުވާފަދަ ހިތްތަދިކަމެކެވެ. ނާއިލު އަށް ޝަބާ އާއިމެދު ހަމްދަރުދީ ވެވެންފެށުނީ ކޮންއިރަކު ބާއޭ އޭނާގެ ސިކުނޑި ސުވާލުކުރިއެވެ. ނަމަވެސް އެސުވާލަށް ޖަވާބުދިނުން އެވަގުތު މުހިއްމު ނޫންކަމުގައި އޭނަ ދެކުނެވެ. ދަތްފިލައަށް ބާރުލުމާއިއެކު ނާއިލުއަށް ބަލާލެވުނީ އޭނަ އިން ގޮނޑީގެ ދެފަރާތުގައި ހުރި ދެފުރޮޅަށެވެ. ދެން އޭނާގެ ދެއަތަށެވެ. އެއާއިއެކު އެމޫނު ރުޅިވެރިކަމުން ފުރިގެންދިޔައެވެ. ނާއިލު ސިހުނީ ގޭގެ ގްރީންހައުސް ހަދާފައި ހުރި ފަރާތަށް ނުކުންނަ ދޮރު ސަމީރާ ހުޅުވާލުމުންނެވެ. އެހިނދު ބޭރުން ކޮޓަރިއަށް ވަން ވައިރޯޅި ވިންޑްޗައިމްގެ ބިއްލޫރުކޮޅުތައް ސަމާސާކޮއްލި އަޑު ޝަބާގެ ކަންފަތާއި ހަމައަށް ގެންގޮސްދިނެވެ. އޭނާގެ ރުއިމަށް ހުއްޓުމެއް ގެނައުމަށް މަޖުބޫރު ކުރުވި އަޑެއްކަމުގައި އެއަޑުވެގެންދިޔައެވެ. ގިސްލެވުނު ވަގުތު އަނގަމަތީ އަތްއަޅާލެވުމާއިއެކު ފާޚާނާގެ ދޮރާދިމާލަށް ބަލާލެވުނެވެ. ދޮރުހުރީ ހުޅުވިފައިކަން އެނގުނީވެސް ދެނެވެ.
“ދަރިފުޅު ނުނިކުންނަންތަ، ކޮބާ ޝަބާ، އޭރު ކޮޓަރިއަކަށް….” ސަމީރާގެ ޖުމްލަ ފުރިހަމަ ނުވަނިސް ނާއިލު ވާހަކަދެއްކިއެވެ.
“އަޅުގަނޑު މިދަނީ ޝަބާ ގޮވައިގެން” ނާއިލުއަށް ބުނެވުނު އެއްޗަކާއިމެދު ވިސްނާލެވުނީވެސް ސަމީރާ ދޮރުލައްޕާފައި ދިއުމުންނެވެ. އެއާއިއެކު އަވަސް އަވަހަށް އޭނައަށް ބަލާލެވުނީ ފާޚާނާއަށެވެ. އިސްކުރުން ފެންއޮހޭއަޑު އިވެމުންދިޔައެވެ. ކެތްތެރިކަން ކުޑަވެފައި ޝަބާ ނުކުންނާނެ އިރަކަށް އޭނަ ބަލަމުންދިޔައެވެ.
މޫނު ދޮންނަ ތަށިކައިރީ ހުރި ތުވާލިކޮޅުން މޫނު ރަނގަޅަށް ފޮހެލުމަށްފަހު ދެކޮލާއި މޫނުގައި ޝަބާ އަތްހާކާލީ ރޮވުނުކަމުގެ އަސަރު ފޮހެލަން ބޭނުންވެގެންނެވެ. އިރުކޮޅަކު މަޑުކޮއްލުމަށްފަހު ޝަބާ ފާޚާނާއިން ނުކުތީ އެކޮޓަރީގައި ނާއިލު އުޅޭކަން އެނގިހުރެއެވެ. އިސްޖަހާލައިގެން ނުކުތީ ނާއިލު އާއި ކުރިމަތިލާން ބޭނުންނުވާތީއެއްނޫނެވެ. ނަމަވެސް އެމޫނު މިވަގުތު ނާއިލުއަށް ފެންނަން ބޭނުންނުވާތީއެވެ. އެހެންނަމަވެސް ކަންތައްވީ އެހެނެއްނޫނެވެ. ފާޚާނާއިން ނުކުތްވަގުތު ކުޑަދޮރުކައިރީ އިން ނާއިލުއަށް ޝަބާއަށް ބަލާާލެވުނީ އެއްވެސް ގަސްދަކާއިނުލައެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވި ވަގުތު ނާއިލުއަށް ޝަބާގެ މޫނު ރީތިކޮށް ފެނުނެވެ. އިސްޖަހާލަން ޝަބާއަށްވެސް ވަގުތުނެގިއެވެ. ނާއިލުގެ ލޮލުން ފެނުނީ ހެނދުނު ސައިބޯން ދިއުމުގެ ކުރިން އިވުނު ހަރުކަށިބަސްތަކުގެ ވެރިޔާއެއްނޫނެވެ. އެލޮލުން އެހެންކަމެއްވެސް ޝަބާއަށް އަންގައިދިނެވެ. ކަޅު ރޭގަނޑެއްފަދަ ކަޅިއެއްލިބިފައިވާ އެލޮލުގެ ތެރޭގައި ފޮރިވިފައިވާ ހިތްދަތިކަމެވެ. ވަށައިގެން ބައްދަމުން އަންނަ އެކަނިވެރިކަމުގެ ފާރެވެ. ބޭނުންނުވިނަމަވެސް ތަފާތު އިޙްސާސްތަކެއް ދެމީހުންނަށް ކުރުވި ވަގުތުކޮޅަކަށް އެވަގުތުކޮޅު ވެގެންދިޔައެވެ. ދެމީހުންނަށްވެސް މޫނު އަނބުރާލެވުނީ އެކީގައެވެ. ހީވީ ވަގުތުން ދެމެދުގައި ފާރެއްރާނާ ލެވުނުހެންނެވެ. އެކަކުވެސް އަނެކާއަށް އޭނާގެ އަނދިރިވަމުން އަންނަ ހަޔާތް ދައްކަން ބޭނުންނުވާފަދަ ގޮތަކަށެވެ.
“މަންމަ…” ސަމީރާގެ ވާހަކަ ނާއިލު ބުނަން އުޅުނެވެ. ފުރަތަމަ ފަހަރަށް އަޑުގައިވެސް މަޑުމައިތިރިކަމެއް އެކުލެވިގެން ހިނގައްޖެއެވެ. ނާއިލުއަށްވެސް އަމިއްލައަށް ވިސްނަން މަޖުބޫރުވިއެވެ. އޭނަގެ އަޑަށްވީ ކިހިނެއްބާއޭ ސުވާލުކުރީ ހިތާއެވެ. ސިކުނޑިއަށްވުރެ އަވަހަށް ހިތް ޖަވާބު ދޭނެތީއެވެ. ހިތްތެދު ބުނާއިރު ސިކުނޑި ބުނާނީ ވަރަށް ވިސްނާފައެވެ.
“ހޫމް..” ޝަބާ ހޫން ލައްވާލީ އޭނައަށް އެނގެއޭ ބުނާށެވެ. ނާއިލުވެސް އިތުރަށް އެއްޗެއް ބުނާކަށް ބޭނުމެއްނުވިއެވެ. ޝަބާގެ ނޭފަތުން އޭރުވެސް ފެން އަންނާތީ ރީތިވާ މޭޒުމަތީގައި ހުރި ޓިޝޫ ފޮށިން ޓިޝޫއެއް ނަގައިގެން އައިސް ނާއިލުގެ ގޮނޑީގެ ފަހަތުގައި ހުއްޓިއްޖެއެވެ. އެއީ ދެމީހުންގެވެސް ހިތުގެ ހިނގުން އަވަސްވި ވަގުތުކޮޅެކެވެ. ޝަބާ ގޮނޑީގައި ހިފާ ފަހަތަށް ދަމާލީ ވަރަށް ބާރުލާފައެވެ. އެހެންނަމަވެސް ގޮނޑި އިންތަނުން ގުޑުވައެއްނުލެވުނެވެ.
“ލޮކް…” ދެބުމަ ހިއްލާލި ނާއިލު އިސްޖަހާލައިގެން އިނދެ ބުނެލިއެވެ. ޝަބާއަށް ގޮނޑި ހުރީ ނުދުވާގޮތަށް ތަޅުލާފަކަން އެނގުނީ ދެނެވެ. މަޑުމަޑުން “ސޮރީ” އޭ ބުނެ މާފަށް އެދެމުން ގުދުވެލާފައި ގޮނޑީގެ ތަޅުނައްޓާލައިފިއެވެ. އަދި ވަރަށް ބަލައިގެން ނާއިލު އެކޮޓަރިން ނެރުނެވެ.
ވަށައިގެންވި ގްރީންހައުސްއަށް ޝަބާ ބަލާލިއެވެ. އެތަނަށް ނުކުމެވޭގޮތަށް ހަދާފައިވަނީ ހަމައެކަނި ނާއިލުގެ ކޮޓަރިއެވެ. އިމާރާތް މައްޗަށް ނަގާފައިވަނީ އިމާރާތުގެ މެދު ހުސްކޮށް ހުންނަގޮތަށްކަމަށް ވުމާއިއެކު ސަމީރާވަނީ އެންމެ ތިރީގައި ގްރީން ހައުސްއެއް ހަދާފައެވެ. މަތީގައި ކުޑަކޮށް ހިޔާކޮއްލުމަށް އަޅާފައިވާ ދާގަނޑުގެ ދޭތެރެތަކުން އަވިކޮޅުތައް ވަންނަމުން ދިޔައެވެ. ތަފާތު ކުލަކުލައިގެ މާތަކެވެ. ޝަބާ ދުވަހަކު ނުދެކޭ ވައްތަރުގެ މާތަކާއި ގަސްތައް އެތަނުގައި ހުއްޓެވެ. އޭނަ އަޖައިބުވީ ސަމީރާ އެކަމަށް ހުރި ޝައުގެއްގެ ބޮޑުކަމުންނެވެ. އެތަނުގައި އާމުކޮށް ކާންބޭނުންކުރާ ތަރުކާރީގެ ބާވަތްތައް ހައްދާފައި ހުއްޓެވެ. މައްޗަށް ބަލާލުމުން ދާގަނޑުގެ ތެރެއިން ފެންނަނީ މައްޗަށް ހަދާފައި ހުރި ބައިތަކުގެ ބެލްކަނިތަކެވެ. ނަމަވެސް ތިން ބެލްކަންޏަށްފަހު އެއްވެސް ދޮރެއްއެއްޗެއް ނެތްގޮތަށް އިމާރާތްވަނީ އަދިވެސް މައްޗަށް ހަދާފައެވެ. ގޭގެ ދޮރުން ފެންނަން ހުންނަ ފެހިކަމަކީ ކާކުގެ މަސައްކަތެއްކަން މިއަދު ޝަބާއަށް އެނގިއްޖެއެވެ. ސަމީރާ، ޝަބާއަށް ގޮވާލުމުން ނާއިލުގެ ގޮނޑި ނުދުވާނޭގޮތަށް ހަދާލުމަށްފަހު ސަމީރާގެ ގާތަށް ދިޔައެވެ.
(ނުނިމޭ)