THEE QADAR DHEVE INSAANAKEE [PART 13]

“އައުޗް…” ޑޮކްޓަރު އައުމުގެ ކުރިން އަނބުރައިގަނެފައި އޮތް ޝަބާ މަޑުމަޑުން ލޯހުޅުވާލައިފިއެވެ. އޭނާ ވެއްޓުނު އިރު ގައިދަށުވި އަތަށް ވަނީ ތަދުވެފައެވެ. ހޭވެރިކަން ވުމާއިއެކު އެތަދު އިޙްސާސް ކުރެވުނީއެވެ.

“ޝަބާ، ދަރިފުޅަށް ކިހިނެއްތަ ވީ” ޝަބާގެ ގާތުގައި އިން ސަމީރާ އަހާލިއެވެ. އަދި މަޑުމަޑުން ޝަބާ އަޅާފައި އޮތް ޝޯލްގެ މަތިން ބޮލުގައި އޯގާތެރިކަމާއިއެކު ފިރުމާލިއެވެ.

“ކޮބާތޯ ތުއްތޮން، އަދިވެސް ޑޮކްޓަރު ނާދޭތޯ” ކަންބޮޑުވެފައި އޮތް ނާއިލަށް އަހާލެވުނެވެ. ޝަބާ ހޭ އެރުމަކުން އަދި ނާއިލަށް ފުރިހަމަ ހިތްހަމަޖެހުމެއް ނުލިބުނެވެ. ޝަބާއަށް އެހެން ދިމާވާންވީ ސަބަބެއް އެނގެން އޭނާ ބޭނުންވެއެވެ.

“ވަންނަވާ” ނީލްގެ އަޑުއިވުނީ ހަމަ އެވަގުތުއެވެ. އޭނާ އާއިއެކު ޑޮކްޓަރު އެކޮޓަރިއަށް ވެންނެވިއެވެ. އަދި ޝަބާގެ ގާތުގައި އިށީނދެ ޑޮކްޓަރ ކަށިގަނޑުން ބައްލަވަން ފެށިއެވެ. ޝަބާ އާއި އެކި ސުވާލު ކުރަމުން ޑޮކްޓަރު ގެންދެވިއެވެ. ބައެއް ސުވާލުތަކުން ޝަބާ ހާމަކަމާއިއެކު ޖަވާބުދޭން ފަސްޖެހެމުންދިޔައެވެ. އެކަން ޑޮކްޓަރަށް ފާހަގަ ކުރެވި ކޮޓަރީގައި ތިބި އެންމެން އެހަށް ނުކުތުމަށް އެންގެވިއެވެ. ދެންވެސް ޝަބާ ބައެއް ސުވާލުތަކަށް ޖަވާބުދެމުންދިޔައީ ލަދުވެތިކަމާއިއެކުއެވެ. އެހުރިހާ ކަމަކަށް ސަމާލުކަން ދީގެން އޮތް ނާއިލުގެ ނަޒަރު ޝަބާ އާއި ވަކިކޮއްލުމާއިއެކު ބާރަށް ދެލޯ މަރާލިއެވެ.

“ސީރިއަސްލީ…އަހަންނަށް މިހީވަނީ ރަނގަޅަށްތަ، އޯގޯޑް، ޝަބާ އާއި އަހަރެންގެ ރިލޭޝަންޝިޕް ނުލާހިކު ރަނގަޅުވެފައިވަނިކޮށް ކިހިނެއްވާން މިއުޅެނީ، އަހަރެން ބޭނުމެއްނޫން ޝަބާ އަހަންނާ ދުރުވާކަށް، އައި ރިއަލީ ލައިކް ހާ، އެކަމަކު އެގުޅުން އެންމެނަށް ފަޅާއަރަން އެއުޅެނީ” ޑޮކްޓަރުގެ ސުވާލުތަކުން ޝަބާއަށް ކަމެއް ދޭހަނުވިޔަސް، ނާއިލަށް ވަގުތުން ނަގައިގަނެވިއްޖެއެވެ. ވަކިން ބޮޑަށް ޔަގީން ކުރަންވެސް އޭނާ ބޭނުންވިއެވެ.

“ތަދެއް ނުވާނެ އިނގޭ، ލޭގެ ޓެސްޓެއްވެސް ހަދަން ބޭނުން، އޭރުން ޔަގީންކޮށް އެއްޗެއް ބުނަން އެނގޭނީ” ޑޮކްޓަރު ހިނިތުންވެލައްވާފައި ޝަބާގެ އަތުން ލޭނެގުމަށް ތައްޔާރުވެލެއްވިއެވެ.

“ޝަބާ، މިއަދު ދެން އޮފީހަށް ދާން ވިސްނައިގެންވެސް ނުވާނެ، މިއަދު އެއްކޮށް އަރާމުކުރަންވީ” ޑޮކްޓަރު ކޮޓަރިން ނުކުތުމާއިއެކު ނާއިލު ބުނެލިއެވެ.

“ދުވަހަކުވެސް މިހެން އަދި ނުވޭ، ޑީހައިޑްރޭޓް ވީކަންނޭގެ، އަރާމު ކުރުމުގެ ބަދަލުގައި ފެންފުޅިއެއް ހިފައިގެން އުޅެންވީ” ޝަބާ ސަމާސާ ރާގެއްގައި ބުނެލިއެވެ. އޭނާއަށް ނާއިލު އޮތީ ވަރަށް ކަންބޮޑުވެފައިކަން އެނގޭތީ އެހާސްކަން ކުޑަކުރުމަށް ބޭނުންވީއެވެ. ފަހަރެއްގަވެސް ނާއިލަށް، އޭނާއަށް ނޭނގޭކަމެއް ފަހުމްވެއްޖެކަމެއް ޝަބާއަކަށް ނޭނގެއެވެ.

ސަމީރާވެސް އައިސް އަވަސް އަވަހަށް ޝަބާގެ ގާތުގައި އިށީނދެއްޖެއެވެ. އަދި ނާއިލު ފަދައިން ސަމީރާވެސް ޝަބާގެ ގާތުން އެދުނީ އަރާމު ކުރުމަށެވެ.

“ޑޮކްޓަރު ވިދާޅުވީ ލޭގެ ޓެސްޓުގެ ނަތީޖާ މެންދުރުފަހުން ނީލް އާއި ހަވާލުކޮއްދެއްވާނެކަމަށް” ސަމީރާ ބުނެލިއެވެ.

ޝަރުމީލާގެ ކަންފަތާއި ހަމައަށް ޝަބާގެ ޚަބަރު އެރުމާއިއެކު އޭނާ އަވަސްވެގަތީ މޯނާ ހޯދުމަށެވެ. ކޮޓަރީގައި އޮތް މޯނާ ގޮވައިގެން ބެލެކަންޏަށް ނުކުމެ ހުރެ އޭނާ ޝަބާގެ ވާހަކަ ކިޔާދިނެވެ. އަދި ނަވާލާއި ޝަބާގެ ގުޅުމުގެ ކަންތައް ފަޅާއަރަން އުޅެނީކަމުގެ ނިޝާންތައް ފެންނަން ކަމަށް އެއުޅެނީ ޝަރުމީލާ ބުންޏެވެ. ދަތްކުނޑިވިކާލި މޯނާ ބެލްކަނީ ފާރުގައި އަތުން ޖެހިއެވެ.

“ޔަގީންތަ، އަދި ތިހެން ވިޔަސް ނޭނގޭނެއެންނު، އެ ހެދި ޓެސްޓެއްގެ ރިޒަލްޓު ފެނުނީމަ އެންނު އެނގޭނީ އޭނާ ޕްރެގްވީކަން” މޯނާ ޤަބޫލުކުރަން ބޭނުންނުވެ ހުރެ ބުނެލިއެވެ. ނަވާލާއިއެކު ދަރިއެއް ހޯދުމަކީ އޭނާގެ ހުވަފެނެކެވެ. އެހެންނަމަވެސް އަދި އެދެމަފިރިންނަށް އެފަދަ ނިއުމަތެއް މިންވަރެއް ނުކުރައްވައެވެ.

“މަ ހުއްޓާ ނަވާލުގެ ދަރިއަކަށް ޝަބާ ޕްރެގްވާކަށް ލާހިކެއްވާ ނޫން، އޭނަ އެއުޅެނީ މަގޭ ނުބައިކަން ނޭނގިގެން، އޭނާ ފްރެގްވެއްޖެއްޔާ މިފަހަރު އެނގޭނެތާ… ޝަރުމީލައްތަ އެކަން އޮޅުން ފިލުވާ، ހަދާނެގޮތް އެނގޭނީ އަހަންނަށް، މަބަލާނަން ނަވާލުގެ ދަރިއަކު އޭނާއަށް މިދުނިޔެއަށް އުފަން ކުރެވޭތޯ” މޯނާ ރުޅިވެރިކަމާއިއެކު ބުނެލިއެވެ. ޝަރުމީލާ ހިނިތުންވެލަމުން މޯނާގެ ބުރަކަށީގައި ފިރުމާލަމުން ވާހަކަދެއްކިއެވެ.

“ތިހާ ރުޅިގަދަ ނުވެބަލަ، ކަމެއް ކުރެވޭނީވެސް އޭރުންނު، ހަދަންވީ ގޮތަކީ އޭނާ މިގޭން ބޭރުކޮއްލަންވީ، މޯނާ ކޮންމެ ގޮތެއްހަދާފަވެސް ޝަބާ މިގޭން ބޭރުކުރޭ، އޭރުން ނަވާލުވެސް އޭނާގެ އަތްދަށުން ސަލާމަތްވީ، އޭނާ ބަލިވެކަން އެއިނީ އަހަންނަށް ޔަގީން މިހާރު، އެކަމަކު ލަދެއްވެސް ނުގަނެއެންނު، އެންމެނަށް އެނގޭނެ ނާއިލު އޭނާ އަކާއި ކައިރިއެއް ނުވާނެކަން، ދެން އޭނާ ނާއިލަށް ބަލިވެ އިންނާނެ އެއީ ނެތްގޮތެއް، ނަވާލު ކޮބާތަ… އޭނައަށް މިކަން އެނގެން ޖެހޭނެ އެންނު” ޝަރުމީލާ ބުނެލިއެވެ.

ކޮޓަރީގައި އެކަނިވުމާއިއެކުވެސް މޯނާއަށް ވިސްނެމުންދިޔައީ ޝަބާ އާއިމެދުއެވެ. ޝަރުމީލާ އޭނާއަށް ގެނެސްދިނީ ކުރިއަށްވުރެވެސް ނުބައި ޚަބަރެކެވެ. ނަވާލަށް ގުޅާ ގުޅާ ފޯނެއް ނުނަގައެވެ. މަޑުމަޑުން ހުއްޓާ އޭނާގެ އަތުން ނަވާލު ބީވެގެން ހިނގައިދާނޭކަން ޔަގީންވާކަހަލައެވެ. ހިތާ ސިކުނޑިވަނީ ނޭނގޭ ބިރުވެރިކަމަކުން ފުރިބާރުވެފައެވެ. ގިނައިރެއްނުވެ ނުބައި ޚިޔާލުތަކުން މޯނާގެ ދެލޯ ރޮއްވާލައިފިއެވެ. މޫނުގައި ދެއަތް އަޅައިގެން އިނދެ އެތަށް އިރަކު އޭނާ ރުޔެވެ. ހަދާނެގޮތް ހުސްވެފައިވާ ކަހަލައެވެ. ނަވާލުދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން އޭނާ ގެއްލިދާނެ ފަދަ އެއްވެސް ކަމެއް ކުރަން މޯނާ ނުހަނު ޖެހިލުންވެއެވެ. އެކަމަކު މިހާރު ކަންތައްތައް އެވަނީ ހައްދުފަހަނަ އަޅައިފައިކަމަށް މޯނާއަށް ވިސްނުނީ، ކަމުގެ ހަޤީޤަތް ނޭނގޭތީއެވެ.

އަރާމުކުރުމަށް އެންމެން އެދުމުން، އެނދުގައި ޖައްސާލައިގެން އޮތް ޝަބާއަށް ނިދުނީ ކޮންއިރަކު ކަމެއް ނޭނގެއެވެ. އޭނާގެ ގާތުގައި އޮތް ނާއިލު ސައިބޯން ދިޔަކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. ނާއިލު ބޭނުންވީ ޝަބާއަށް އަރާމުކުރުމަށް ފުރުޞަތުދީފައި މިއަދު އޭނާގެ ކަންތައްތައް މީކާ އާއިއެކު ކުރުމަށެވެ. މީކާވެސް އެކޮޓަރީގައި އުޅުނީ ހިލަމެއްނުވާހާ މަޑުންނެވެ.

“ނާއިލު، އިޒް ޝީ ޕްރެގްނެންޓް” މީކާ އަހާލިއެވެ.

“އައި ޑޯންޓް ނޯ” ނަވާލަށް ޔަގީންވާއިރުވެސް ނޭނގޭ ކަމަށް ހެދިއެވެ.

“ރިއަލީ” މީކާއަށް ޤަބޫލު ނުކުރެވިގެން ބުންޏެވެ. އޭނާއަކީ ނާއިލުގެ ކަންތައްތައް އެންމެ ގާތުން، ޝަބާއަށްވުރެވެސް ބޮޑަށް އެނގޭ މީހާއަވެ. އެހެންވެ އޭނާއަށް ނާއިލު އާއި ޝަބާގެ މެދުގައި އެފަދަ ގުޅުމެއް ހިނގާފާނެކަންވަނީ ޔަގީން ވެފައެވެ. އެވެސް ނާއިލުގެ ސަބަބުންނެވެ. ނާއިލު އޭނާގެ ބޭސްތަކުން ބައެއް އުނިކުރީ ޝަބާ އާއިއެކު ގާތްގުޅުމެއް ބާއްވަންކަން މީކާއަށް މާކުރިންވެސް ވަނީ އެނގިފައެވެ.

މީކާ ކޮޓަރިން ނުކުމެގެން ދިއުމުން އެތަށް އިރަކު ނާއިލު ޝަބާއަށް ބަލަހައްޓައިގެން އޮތެވެ. މައުސޫމުކަމުން ފުރިގެންވި ޝަބާގެ ރީތި މޫނަށް ބަލަން އޮވެ އޮވެ ނާއިލުގެ ކަނދުރާގައި ރިހެން ފެށިއިރުވެސް އޭނާ ބޭނުންވީ ފޫހިކަމެއްނެތި އެމޫނަށް ނަޒަރު ދޫކޮއްލައިގެން އޮންނާށެވެ. އޭނާއަށް ވާނަމަ މަޑުމަޑުން ޝަބާގެ ކޯތާ ފަތުގައި ފިރުމާލުމާއިއެކު އެތަނަވަސް ނިތްކުރީގައި ބޮސްދިނީހެވެ. ނާއިލުގެ ހިތުގައި ޝަބާއަށް ޚާއްޞަ މަގާމެއް ދެވިފައިވާކަން އޭނާއަށްވެސް އެނގެއެވެ. ޚުދު އޭނާގެ ޒަމީރުވަނީ ޝަބާގެ އެތަށް ސިފަތަކަށް ތަޢުރީފުކޮއްފައެވެ. އެކަމަކުވެސް ދުލުން އެފަދަ ތަޢުރީފުގެ އެންމެ ލަފްޒެއްވެސް ބޭރުކުރަން ނާއިލު ވަނީ ޖެހިލުންވެ ނުކެރިފައެވެ. ޚަޔާތުގެ ބައިވެރިއަކަށް ޝަބާފަދަ ފުރިހަމަ އަންހެން ކުއްޖަކު ދުވަހަކުވެސް ނުލިބޭނެއޭ ނާއިލުގެ ހިތަށް އެރިއެވެ. އެއާއިއެކު ތުންފަތަށް ލުއިލުއި ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. އަދި މަޑުމަޑުން މޫނު އަނބުރާލުމާއިއެކު މަތިން ފެންނަން އޮތް ހުދުކުލައިގެ ސީލިންގަށް ނަޒަރު ހުއްޓާލީ ކަނދުރާއަށް އަރާމެއްދިނުމަށެވެ. އެހެންނަމަވެސް އޭރުވެސް އޭނާގެ ހިތާ ސިކުނޑީގައިވަނީ ޝަބާގެ އެކިއެކި ޚިޔާލުތަކެވެ. ދުލުން ބަޔާންކުރަން ދަތި އެތަށް ވާހަކައެއް ހިތާއި ދައްކަމުން ނާއިލު ދިޔައެވެ. އޭނާއަށް ޝަބާ ކަމުދާން ފަށައިފިކަމެވެ. މިއީ ލޯބީގެ ފެށުން ކަމުގައި އޭނާއަށްވެސް ހީވާން ފަށައިފިއެވެ. ހައިރާންވެފައިވަނީ އެލޯބި އުފެދުނީ ކައިވެންޏާއި، އެދެމެދުގައި ހިނގާފައިވާ ގާތްގުޅުމަށްފަހުގައި ކަމަށްވީތީއެވެ. އާންމުކޮށް ލޯތްބަކީ އެހުރިހާ ކަމަކަށް ދޮރުހުޅުވާދޭ ފަރާތެވެ. އެހެންނަމަވެސް މިފަހަރު ނާއިލަށް ލޯބި ފެނުނީ އެތަކެއް ހާދިސާތަކަކަށްފަހުއެވެ. ޚަޔާތުގައި ނާއުންމީދުވެ ދިރިހުރުންމަތިން ފޫހިވެފައި ވަނިކޮށެވެ. މިއީ ﷲ ގެ ކުޅަދުންވަންތަކަން ކަމުގައި ނޫނީ ނުވާނެއެވެ. އޭނާ ހަޔާތުގެ ބައިވެރިއަކަށް އެންމެ ބޭނުންވި ދުވަހު އެކަން ނާއިލަށް ކާމިޔާބެއްނުވިއެވެ. އެހެންނަމަވެސް މިއަދު އެނާ ހީވެސް ނުކުރާ ފަދަ އަގުބޮޑު ޖަވާހިރެއްމިވަނީ އޭނާގެ މުށުގެ ތެރޭގައެވެ. ދުނިޔޭގެ ދިރިއުޅުން ނާއިލަށް ބާއްޖަވެރިވެގެން ހިނގައްޖެއެވެ. ނާޢިލަށް ލެއްވި ނަސީބާއިމެދު ހިތާ ހިތާ ޝުކުރުވެރިވެވުނެވެ.

މެންދުރުވާން އުޅެނިކޮށް މަޑުމަޑުން ޝަބާ ލޯހުޅުވާލުމާއިއެކު ފުންމައިގެން ތެދުވަން އުޅުނެވެ. އެވަގުތު އަނެއްކާވެސް ބޮލަށް ކުޑަކޮށް ގޮތެއްވިހެން ހީވެ އަވަސް އަވަހަށް ބޮލުގައި ހިފަހައްޓާލެވުނެވެ.

“ޝަބާ، ކުއްލިއަކަށް ތިހެން ތެދުވާކަށް ނުވާނެ، މަޑުމަޑުން ހަމަޖެހިލައިގެން އެނދުގައި އިށީނދެގެން އިނދެލާފަ ތެދުވޭ، އޭރުން ބޮލަށް އެނބުރުން އަރާކަހަލަ ކަމެއް ނުވާނެ” ނާއިލު މަޑުމައިތިރި ކަމާއިއެކު ބުނެލިއެވެ.

“ހަނދާންނެތިގެން މިއޮތީ އޮފީހަށް ސަލާމްވެސް ނާންގާ، ޗުއްޓީގަ ހުރެފަ ނުކުތްތާ ގިނަދުވަހެއް ނުވަނިސް މިހެންވީމަ މުޅިން ސަކަރާތެންނު” ޝަބާ، ނާއިލު ބުނިހެން އިރުކޮޅަކު އެނދުގައި އިށީނދެލައިގެން އިނެވެ.

“ހުރިހާ ކަމެއް ދިމާވާނީ ކުރިން އެނގިފައެއްނޫނެންނު، ސަލާމަކީވެސް މިކަހަލަ ދުވަސް ދުވަހަށް ބުނަން ހަމަޖެހިފައި އޮންނަ އެއްޗެއް، ޝަބާ ކަންތައްތަކާ އެހާ ހާސްނުވެބަލަ، އެއްޗެއް ކާން ދާންވީނު، ސައިވެސް ނުބޮއެ އޮއްވަ ތިނިދުނީ” ނާއިލުގެ އަޑުގައިވަނީ އާދަޔާއި ޚިލާފު އޯގާތެރިކަމެވެ.

“ނާއިލު އެއްޗެއް ކައިފިންތަ، ފެންވަރާ ގަޑިވެސް ޖެހެނީ ދޯ، ކުޑަކޮށް ބަނޑުހައިވެސް ވެއްޖެ” މިހެން ބުނިއިރު ޝަބާގެ ބަނޑު ހުސްވެފައިވާ ކަމުގެ އިންޒާރު ހަށިގަނޑުގެ އެތެރެން ދެމުން ގެންދެއެވެ.

“ޝަބާ އެއްޗެއް ކާލައިގެން އައިސް އިތުރު ކަމެއް ކުރާނީ، ކާން ދާއިރު އަހަރެން ޝަބާ އާއިއެކު ދިޔަޔަސް އެންމެ ރަނގަޅުތަ” ނާއިލު އަހާލިއެވެ. ޝަބާ ފެންނަ ހިސާބުގައި ހުންނަން ބޭނުންވާލެއް ބޮޑުކަމުން ނާއިލަށް އެހެން އެހުނީއެވެ.

“އަންނަން އެނގިއްޖެ ދޯ” މޯނާ ރުޅިވެރިކަމާއިއެކު ކޮޓަރިއަށް ވަން ނަވާލަށް ބުންޏެވެ. އޭނާ އަޑުވެސް އިވޭ ކަމަށް ނަހަދާ ލައިގެން ހުރި ގަމީސް ބާލާފައި ހަރުގަނޑު މައްޗަށް އެއްލައިފިއެވެ. އަދި އަލަމާރި ހުޅުވާލީ ލާނެ އެއްޗެއް ނެގުމަށެވެ.

“އަހަރެން މިވާހަކަ ދައްކަނީ ނަވާލާއޭ، މިހާރު ބީރުވެސް ވީތަ، އާން، އެހެންނު ވާނީ، އަހަރެންގެ އަޑާ ޝަބާގެ އަޑަކާ ވައްތަރެއް ނޫންވިއްޔަ، އެހެންވީމަ އަހަރެން ދައްކާ ވާހަކައެއް އަޑެއްވެސް ނީވޭނެ އެންނު، ކަލޭމެން ދެމީހުންގެ މުޑުދާރުކަމޭ އަހަރެންގެ ހިތަށް އަރާ، އެހިސާބަށް ގުޅުން ގެންދާނެ ކަމަށް ފަހަރެއްގަވެސް އަހަރެން ހިޔެއްނުކުރަން، ނަވާލު، ޝަބާ އާއިއެކު އެކަހަލަ ގުޅުމެއް ބޭއްވިއިރު އަހަރެންގެ މަތިން އެއްފަހަރުވެސް ހިތަކަށް ނޭރިތަ، ކީއްވެތަ އެއީ، ނަވާލު އަހަރެންދެކެ ކުޑަކޮށްވެސް ލޯބިނުވަނީތަ، ޤައިމު އަހަންނާއިއެކު ނުދާ ހިސާބަކަށް ޝަބާ އާއިއެކު ދެވެން ވީ ކީއްވެ، އަހަރެން ދަރިއަކު ބޭނުންވާއިރު އެކަމަށް ހުރަސް އަޅަނީ ހަމަ ނަވާލު… އަހަރެން ވިއްޔާ ކީއްވެ ދަރިއަކު ނުބެލޭންވީ، އަބަދުވެސް ނަވާލުގެ ކަމަކީ ބަހަނާދެއްކުން…” މޯނާއަށް ރޮވިދާނެހެން ހީވުމުން ވާހަކަދެއްކުން ހުއްޓާލިއެވެ.

އަލަމާރި ތެރޭގައި ހުރި ގަމީސްތައް ހާވަމުންދިޔަ ނަވާލު މޯނާއަށް ބަލާނުލިޔަސް އޭނާ ދެއްކި ވާހަކަތައް އަޑުއެހިއެވެ. އަދި ހައިރާންވެސް ވިއެވެ. ޝަބާއޭ ކިޔައިގެން މިހާރު މޯނާ އޭނާގެ ބޮލުގައި އެއަޅުވަނީ ކަނޑައެޅިގެން ދޮގު ތުހުމަތެކެވެ. އޭނާ ޝަބާ އާއި ގާތްވާން އުޅުނަސް އެކަން އޭނާއަކަށް ނުކުރެވުނެވެ. އެއީ ކާކުގެ ނަސީބެއްކަމެއް ޚުދު ނަވާލަށްވެސް ޔަގީންކޮށް ބުނާކަށް ނޭނގެއެވެ. ވިސްނުމުގެ ތެރެއަށް ގެއްލިފައި އިރުކޮޅަކު ހުރި ނަވާލު އަވަސް އަވަހަށް އަލަމާރިން ގަމީހެއް ނަގާ ގަޔަށް ހެޔޮވަރު ކޮއްލަމުން ލައިގެން ހުރި ސޯޓު ޖިންސަކަށް ބަދަލުކޮއްލިއެވެ. އަދި ގަމީހުގެ ގޮށް އަޅުވަމުން ކޮޓަރިން ނުކުތެވެ. މޯނާއަށް ހަމަ އެކައްޗެއްވެސް ނުބުނެއެވެ. ފެންކަޅިވެފައި ނަވާލު ދިޔަ ދިމާލަށް ބަލަހައްޓައިގެން މޯނާ އިނެވެ.

“ކިހިނެއްވީ ތި ގުޅީ” ފޯނުގެ އަނެއްކޮޅުން ވާހަކަ ދައްކަމުން ދިޔައީ މަނާރެވެ.

“ކަމެއްވިއްޔާ ނޫނީ ގުޅައިގެން ނުވޭތަ، ހަމަ ކޮންމެ ފަހަރަކު ތިހެން އަހަން ޖެހޭތަ” ސަމާސާ ރާގެއްގައި ބެލްކަނީގެ ކަނެއްގައި މަޑުކޮއްލައިގެން ހުރި ނަވާލު ފޯނުން ބުންޏެވެ.

“ކޮބާ މޫންތަ، އަދިވެސް ނުބަނަމެންނު ރޭނގަނޑު ރިސޯޓަށް ދާންޖެހެނީ ކީއްވެކަމެއް” މަނާރު އާއި ނަވާލު އެންމެފަހުން ދެއްކި ވާހަކަ އާއި ގުޅިގެން އަހާލިއެވެ.

“އެއީ ދެން ގޭގެ ކަމެއްގަ، މަނާރު، އަހަރެން ވާހަކައެއް އަހަންތަ، ވަރަށް ވިސްނާފަ ޖަވާބު ދެއްޗޭ” ނަވާލު ބުންޏެވެ.

“ތިހާ ވިސްނަން ޖެހޭވަރުގެ ކޮން ވާހަކައެއް ދައްކަން ތިއުޅެނީ” މަނާރުވެސް ހައިރާންވެފައި ބުނެލެވުނެވެ.

“އަސްލު އަހަންނާ މަނާރާ، މޯނާ އާއި އެންމެ ފުރަތަމަ ފްރެންޑް ވީ، އެހެންނު… އޭރު އަހަރުމެން ތިންމީހުންވެސް ތިބީ ހުހަށް، އެއްވެސް ރިލޭޝަންޝިޕަކަށް ނުގޮސް، މަނާރު އޭރު އެއްވެސް ވަރަކަށް ވިސްނިންތަ އަހަންނާއިމެދު، ނޫނީ އޭރު އަހަރެން މަނާރާއިއެކު ރިލޭޝަންޝިޕަކަށް ދާން އެދުނުނަމަ ކީކޭ ބުނާނީ” ނަވާލު އަދިވެސް އެސުވާލެއްގެ ޖަވާބު ބޭނުންވެފައި ހުރި ސުވާލު ކޮއްލިއެވެ. އެތަކެއް އަހަރުތަކަކަށް ފަހުއެވެ.

“ތީ ކޮންކަހަލަ ސުވާލެއް، އަހަންނަކަށް ނޭނގެ ދޭނެ ޖަވާބެ، ނަވާ ތިއުޅެނީ އަހަރެންލައްވާ ކޮންމެވެސް އެއްޗެކޭ ކިޔުއްވަން ދޯ” މަނާރަށް ހީވީ ނަވާލު ކޮންމެވެސް ސަމާސާއެއް ކުރަނީކަމުގައެވެ.

“ނޫން، ހަމަ ވަރަށް ސީރިއަސްކޮށް މިއަހަނީ، އަހަރެން ހިތަށްއެރި އެއްޗެއް މީ، މަނާރަށްވެސް ފެންނަ އެއްޗެއް ބުނެވިދާނެ އެންނު، ދެން ބުނެބަލަ، ޕްލީޒް… މަނާރު އަހަންނާމެދު ވިސްނިންތަ، ނޫނީ އަހަންނަށް ދޭނީ ކޮންކަހަލަ ޖަވާބެއްތަ” ނަވާލު ޖަވާބު ބޭނުންވެފައި ހުރިވަރު މަނާރަށް އަންގައިދިނެވެ.

“ފުރަތަމަ ފެނިފަ ލައިކްވި، ޔޫ ލުކް ސޯ ހެންޑްސަމް އެނގޭ، އެހެންވީމަ ފުރަތަމަ ނަޒަރުންވެސް އަންހެން ކުދިން އަޅައިގަންނަ ގޮތެއް ނަވާގެ ހުރޭ، ދެން އޭރުވެސް މިހާރުވެސް އަހަންނަށް އެނގޭ ނަވާއަކީ މޫންތަގެ ހައްޤެއްކަން، އަހަންނަށްވެސް ފެނުނީ މޫންތައަށް ފެނުނު ދުވަހު، މޫންތަ ވަގުތުން ނަވާއަށް ފޯލްވި، އަނެއްކާ އޭރުވެސް ނަވާ އުޅުނީ އަހަންނަށްވުރެ މޫންތަ އާއިއެއްކޮށެންނު، އެހެންވެ އަހަރެންގެ ހިތަށް އެރީ ތި ދެމީހުންނަކީ ސޯލް މޭޓްސް ކަމުގަ” މަނާރު ވަރަށް ވިސްނަ ވިސަނާފައި ވާހަކަދެއްކިއެވެ.

“މޯނާ އަށްވުރެ ކުރިން އަހަރެން މަނާރުގެ ގާތުން ރައްޓިވާން އެދެފިނަމަ ދޭނީ ކޮންޖަވާބެއް” ނަވާލު އެހިއެވެ.

“އޭރުންވެސް ނުކުރޭނެ އާނއެކޭ ބުނާކަށް، މޫންތައަށްވުރެ ބޮޑަށް އަހަންނަށް ނަވާދެކެ ލޯތްބެއް ނުވެވޭނެ ކަން އޭރުވެސް އެނގޭ، އަސްލު މޫންތައަށް ފުރަތަމަ ނަވާ ފެނުނު ދުވަހުން ފެށިގެންވެސް އަހަރެން ގާތު ބުނި އޭނާ ކައިވެނި ކުރާނީ ނަވާ އާއިއޭ، ކޮންމެ ގޮތަކުންވެސް ނަވާ އާއި ރައްޓެހިވާން ބޭނުންކަމަށް، އެހެންވީމަ އެކަން އެނގިހުރެ އަހަރެން މޫންތަގެ ހިތަކު ނުޖައްސާނަން، ނަވާ… ކީއްވެތަ މާކުރީގެ ވާހަކަތަކެއް ތި ދައްކަނީ، ކަމެއްވީތަ…” މަނާރު ބުންޏެވެ.

“ތީތަ ހަމަ މަނާރުގެ ޖަވާބަކީ، އެހެންވީމަ މަނާރު ދުވަހަކުވެސް ނުވިސްނަން ދޯ އަހަންނާމެދު” ނަވާލަށް ބުނެވުނު އެއްޗެއްގެ ސަބަބުން މަނާރުވެސް ސުވާލު އުފެދުނެވެ. ނަވާލަށް ލިބުނީ ހިތްހަމަޖެހޭ ފަދަ ޖަވާބަކަށް ނުވިޔަސް އޭނާއަށް ހަޤީޤަތް ވަރަށް ރަނގަޅަށް އޮޅުން ފިލައިފިއެވެ. އޭރުވެސް މިހާރުވެސް އޭނާއަށް ނޭނގުނަސް، އޭނާގެ މައްޗަށް އަތްގަދަ ކޮއްފައިވަނީ މޯނާއެވެ. މަނާރާއި އޭނާ އަށް އޮތް ފުރުޞަތު ގެއްލުނީވެސް އެހެންވެއެވެ.

“ނަވާ، އައި ރިއަލީ ލައިކް ޔޫ، ބަޓް އައި ޑޯންޓް ލަވް ޔޫ… ލައިކްވެސް ވީ ކްލޯސް ފްރެންޑެއް ގޮތަށް، އަހަރެން މިހާރު ކޮންފިއުސްޑް ވެއްޖެ ނަވާ ތިދައްކާ ވާހަކައަކުން، ވެގެން އުޅޭގޮތެއް ނިކަން ސާފުކޮށް ކިޔާދީބަލަ” މަނާރު ކުޑަކޮށް ހިތްހަމަ ނުޖެހޭގޮތްވެފައި ހުރެ ބުންޏެވެ.

“އިޓްސް ނަތިންގް، އެއީ ދެން މިހެން އުޅެމުން ހިތަށް އެރި އެއްޗެއް، އެކަހަލަ ތާކުން ތާކު ނުޖެހޭ އެއްޗެހި ޚިޔާލަށް އަންނާނެ ބައެއްފަހަރު، މަނާރު ދެން އެކަމާ އަޅާނުލާ، އިތުރަށް ވިސްނާނެ ކަމެއްވެސް ނެތް، ގުޅައިގެން މިހެން އުޅޭއިރު ކޮންމެވެސް ވާހަކައެއް ދައްކަންވާނެ އެންނު، ދައްކާނެ ވާހަކަ ހުސްވެގެން ނުވާނެ އެންނު… ދެން ބުނެބަލަ، ހަމަ ނާންނާނަންތަ މިކޮޅަކަށް” ނަވާލު ވާހަކަ އޮޅުވާލަން މަސައްކަތް ކުރިއެވެ.

މެންދުރު ކައިގެން ޝަބާ އާއި ނާއިލު ތިބީ ސަމީރާގެ ކުޑަކުޑަ ބަގީޗާ އާއިވީ ފަރާތުގައި ހުރި ގޮނޑިތަކުގައެވެ. އެމީހުންނާއިއެކު މީކާވެސް އިނެވެ. ތިންމީހުން ކޮންމެވެސް ވާހަކައެއްގައި މަސްޢޫލުވެފައި ތިއްބައި ކުއްލިއަކަށް ސަމީރާގެ އަޑުއިވުނެވެ. އާދަޔާއި ޚިލާފަށް ބާރަށެވެ. ގޮނޑިން ޝަބާއަށް ތެދުވެވުނީ ކަންބޮޑުވެފައި ހުރެއެވެ. ޝަބާއަށް ގޮވަމުން އައި ސަމީރާއަށް ނާއިލުގެ ކޮޓަރީގެ ބިއްދޮށް ފަރާތުގައި ހުރި ޝަބާ ފެނުމާއިއެކު ދުރުދުރުގައި ފައިއަޅާލައިފައި އައިސް އޭނާގެ ގައިގާ ބައްދާލައިފިއެވެ.

“މަންމައަށް މިވަގުތު ބުނާނީ ކީކޭކަމެއް ނޭނގޭ…” ސަމީރާ، ޝަބާގެ ގައިގާ އޮޅުލައިގެން ހުރިގޮތަށް ހުރެ ބުންޏެވެ. އޭރު ވާނުވާނޭނގިފައި ހުރި ޝަބާއަށް ބަލާލެވުނީ ނާއިލަށެވެ. އަދި ކުރިމަތިން އެތަނަށް އައި ނީލް އާއި އަސްލަމަށެވެ. އެމީހުންގެ ފަހަތުން ޝަރުމީލާ ހުރިތަންވެސް ފެނުނެވެ. އެވަގުތު ނީލް އޭނާގެ އަތުގައި އޮތް ގަނޑު ޝަބާއަށް ދައްކާލަމުން ހިނިތުންވެލި އިރު އަނގައިގައި ހުރިއްޔާ ހުރި ދަތެއް ފެންނާނެކަން ގައިމެވެ. ޝަރުމީލާ ނޫނީ ދެންތިބި މީހުންގެ ހާލަކީވެސް އެއީއެވެ. ނީލްގެ އަތުގައި އޮތް ކަރުދާސް މީކާއަށް ދިއްކޮއްލުމުން އޭނާ އަވަސް އަވަހަށް އޭތި ނާއިލަށް ދައްކާލައިފިއެވެ. ނާއިލުގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެއްކަމަކު އޭނާއަށްވެސް ބަލާލެވުނީ ޝަބާއަށެވެ.

“މަންމާ…” ސަމީރާއަށް އޭނާގެ އިޙްސާސްތައް ކޮންޓްރޯލު ނުކުރެވިގެން ގޮސް ރޮވުމުން ޝަބާ ގޮވާލިއެވެ. އަދި މަޑުމަޑުން މަންމަ ގަޔާއި ދުރުކޮއްލާފައި ގެނެސް އޭނާ އިށީނދެގެން އިން ގޮނޑީގައި ބައިންދައިފިއެވެ.

“މަންމަ ކީއްވެތޯ ރޮނީ، އަޅުގަނޑު މާބޮޑަށް ބަލިވީތޯ، މަންމާ، އެއީ އެވަރުކަމެއް ނޫނޭ…” ސަމީރާ ރޯތަން ފެނި ޝަބާ ކަންބޮޑުވި ވަރުން ބުނެވުނެވެ. އަދިވަކިން ބޮޑަށް ސަމީރާއަށް ރޮވުނެވެ. އޭނާ ޝަބާގެ މޫނުގައި ދެއަތުން ހިފާލާފައި ގެނެސް ނިތްކުރީގައި ބޮސްދީފައި އަނެއްކާވެސް ގަޔާލާ ބޮނޑިކޮއްލައިފިއެވެ.

“ދަރިފުޅާ، ތިލަފަތުގައި މަންމަގެ ހިތާމަތަކާއި މާޔޫސްކަމަށްވުރެ މިއަދު ދަރިފުޅުގެ ސަބަބުން މި މަންމައަށް ލިބިފައިވާ އުފާވެރިކަމާއި ހިތްހަމަޖެހުން ބަރުވެއްޖެ، މި ޢާއިލާއަށް ދަރިފުޅުގެ ސަބަބުން ރަޙުމަތްލައްވައިފި، އެކަން އެނގޭތަ… ދަރިފުޅު އިނީ ބަލިވެކަން އެނގޭތަ…” ސަމީރާ އެންމެ ފަހުން ބުނެލި ޖުމްލައިން ޝަބާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އޭނާއަށް ސަމީރާ ބުނި އެއްޗެއް ޤަބޫލެއް ނުކުރެވުނެވެ. އޭނާ ބަލިވެ އިންނަންވީ ކީއްވެ ބާއޭ ޝަބާގެ ހިތަށް އެވަގުތު އެރިއެވެ. އެސުވާލުގެ ޖަވާބު އެނގޭއިރުވެސް މެއެވެ. އެހެންނަމަވެސް ދާދި ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭ ޝަބާ ހިނިތުންވެލީ އޭނާގެ ވަށައިގެންވާ އެންމެންގެ އުފަލަށްޓަކައެވެ.

“ބައްޕަ މިއަދު ދަރިފުޅު ބޭނުން އެއްޗެއް ދޭން މިހިރީ ތައްޔާރަށް، އަގުކިޔޭ ކޮންމެ އެއްޗެއްގެ ނަންވިޔަސް ހެޔޮ، އަވަހަށް ބުނޭ…” އަސްލަމް ބޭނުންވެލެއްވީ ޝަބާއަށް ކޮންމެވެސް ކަހަލަގެ ހަދިޔާއެއް ދެއްވާށެވެ.

“ބައްޕާ، ޝަބާ އަކަށް ނުކެރޭނެ އެއްވެސް އެއްޗެއް ބޭނުންވިޔަސް ބުނާކަށް” ނާއިލު އަވަސް އަވަހަށް ބުނެލިއެވެ. އޭނާއަށް ޝަބާ ދަސްވެފައި ހުރި ކަހަލައެވެ.

“ޝަބާއަށް ދޭނެ ހަދިޔާއެއް އެނގޭ، އަސްލަމް، އެކުދިންނަށް ވަގުތު ދީފައި ހިންގަވާ ކޮޓަރިއަށް” އެންމެން އެކުގައި ހެން ހިނގައިގަތީ އެތަނުން ދިއުމަށެވެ. ދިއުމުގެ ކުރިން އަދިވެސް އެއްފަހަރު ސަމީރާ، ޝަބާގެ ގައިގާ ބައްދާލަމުން ބުރަކަށީގައި ފިރުމާލިއެވެ. ލިބިފައިވާ އުފަލެއްގެ ބޮޑުކަމުންނެވެ.

“ޝަބާ، ޑޮކްޓަރ ވިދާޅުވި ބްލަޑް ޕްރެޝަރ ތަންކޮޅެއް ދަށަށް ގޮއްސަކަމަށް ހުރީ، ވަރަށް ބޮޑަށް އަރާމު ކުރަން ޖެހޭނެކަމަށް ބުނި، ދެން ބަލައިގެން އުޅެއްޗޭ އެނގޭ” ނީލް ހިނގައިގަންނަން އުޅެފައި ބުނެލިއެވެ. މަޑުމަޑުން ޝަބާ ބޮލިގެ އިޝާރާތުން އާނއެކޭ ބުނެލިއެވެ.

އެންމެން ދިއުމުން ޝަބާއަށް ނާއިލުގެ ކައިރީ ހުރި ގޮނޑީގައި އިށީނދެވުނެވެ. ޝަބާއަށް ކަމެއްވެއްޖެކަން ނާއިލަށް ނަގައިގަނެވުމާއިއެކު ޝަބާ އާއި ވާހަކަދައްކަން އޭނާ އަވަސްވެގަތެވެ. އެގޮތުން މީކާ ގާތު ނަވާލު ކޮޓަރިއަށް ގެންދިއުމަށް އޭނާ އެދުނެވެ. އެމީހުންގެ ފަހަތުން ޝަބާވެސް ކޮޓަރިއަށް ވަނެވެ. މީކާ، ނާއިލުގެ އެދުމަށް، އޭނާ އެނދުގައި ބޭއްވުމަށްފަހު ރީތިވާ މޭޒުގެ މަތީ ނުވެއްޓޭނޭހެން ޝަބާގެ ރިޕޯޓު ބާއްވާލިއެވެ. އަދި އެކޮޓަރިން މީކާ ނުކުތީ ޝަބާއަށް ވަރަށް ހޫނު މަރުޚަބާއެއް ކިޔާފައެވެ.

“ޝަބާ، އާދެބަލަ މިކޮޅަށް… މިތާ އެނދަށް އަރާބަލަ” މީކާ ނުކުތުމުން ނާއިލު، ޝަބާއަށް ގޮވާލިއެވެ. އެއްޗެއް ނުބުނެ ހުރެ ޝަބާ އައިސް އެނދުގައި އިށީނދެއްޖެއެވެ.

“ޝަބާ ހިތްހަމަނުޖެހިފަތަ ތިއިނީ” ނާއިލު އެހިއެވެ. އެއާއެކު ޝަބާ ދެންވެސް އެއްޗެއް ނުބުނެ ދެފަރާތަށް ބޯހޫރާލިއެވެ.

“ކޮންމެވެސް އެއްޗެއް ބުނެބަލަ، އެހެންނޫނީ އަހަންނަށް ހީވާނީ ޝަބާ ހިތްހަމަނުޖެހިފަ އިންނަނީއޭ، އަހަންނަށް ކުރެވުނު ކަމެއްގެ ސަބަބުން ދޯ މިހެން މިވީ، އަހަންނަށްވެސް އޭރު ވިސްނައެއް ނުލެވުނު މިހެން ވެދާނެއެކޭ، ޝަބާ ކުއްޖަކު ބޭނުންތޯވެސް އަހަންނަށް އަހާނުލެވުނު… ސޮރީ ވަރަށް ބޮޑަށް، ހަމަ އެއްގޮތަކަށްވެސް ވިސްނާނުލެވި ކުރެވުނު ކަމެއްމީ، ޝަބާ… ކޮންމެވެސް އެއްޗެއް ބުނެބަލަ، މައްސަލައެއްނެތޭ އަހަންނާ ދިމާލަށް އެއްޗެހި ކިޔަސް، ނުރުހުން ފާޅުކޮށް ރުޅި އާދެބަލަ، ތިހެން އިނީމަ އަހަރެން… އަހަރެން ވަރަށް ދެރަވޭ… ވަރަށް ގިލްޓީ ފީލްވަނީ… ޕްލީޒް ޝަބާ، ތި ހިތުގައި ވާ އެއްޗެއް ބޭރުކޮއްބަލަ، އަހަރެން އަޑުއަހާނަމޭ” ނާއިލު ދުވަހަކުވެސް ޝަބާ އާއި ވާހަކަ ނުދައްކާ ހާ ގާތްކޮށް ވާހަކަދެއްކިއެވެ. އޭނާ އާދޭސްކޮށް މާފަށްވެސް އެދެފިއެވެ.

“އަހަންނަކަށް ނޭނގޭ މިވަގުތު އަހަންނަށް އިޙްސާސްވާންވީ ކޮންގޮތަކަށް ކަމެއް، ޤަބޫލެއް ނުކުރެވޭ ބަނޑުބޮޑު ވެދާނެ ކަމަކަށް… ހަތް އަހަރުވީއިރު ބަނޑުބޮޑު ނުވިއިރު އެންމެ މަހެއްހާ ދުވަހުގެ ގުޅުމަކުން ބަނޑުބޮޑުވާންވީ ކީއްވެ… ކިހިނެއް… އަހަންނަށް ޤަބޫލެއް ނުކުރެވޭ…” ޝަބާ އިސްޖަހާލައިގެން އިނދެ މަޑުމަޑުން ބުންޏެވެ.

“ޝަބާ ބަލިވެއިނީ އަހަންނަށް ކަމާއިމެދު ޝައްކެއް ނުކުރަން، އެކަން އަހަންނަށް ޔަގީންވޭ، ބައެއްފަހަރު މިހެންވެސް ދިމާވޭ، ކިހިނެއް އެނގެނީ މީ ﷲ މިންވަރު ކުރެއްވި ގޮތް ނޫންކަމެއް، ޝަބާ… އަހަރެންގެ ދަރިން ދުނިޔެއަށް އުފަންކޮއްދޭނަންތަ، އޭރުން އަހަރެން ދެކޭނީ އަހަންނަކީ ނަސީބުވެރިއެއްކަމުގައި” ނާއިލު ޝަބާއަށް ބަލާލީ ކުލުނުން ފުރިގެންވި ބަލާލުމަކުންނެވެ. ޝަބާއަށް ކީއްވެކަމެއް ނޭނގެއެވެ. މަޑުމަޑުން އައިސް ނާއިލުގެ އަތް ހިއްލާލުމާއިއެކު އެއަތުގެ ތެރެއަށްވަދެ އޮށޯވެ ނާއިލުގެ ގައިގާ ބާއްދާލައިފިއެވެ. އެމޭގެ އެއްފަރާތުގައި މޫނު ފޮރުވާލައިގެން ޝަބާ އޮތީ ބަހެއްވެސް ބުނެނުލައެވެ. ޝަބާގެ އެހަރަކާތުން ނާއިލަށް ހިތްހަމަޖެހުން ލިބިގެން ދިޔައެވެ. އިތުރު އެއްވެސް އެއްޗެއް ނާއިލުވެސް ނުބުނީ ޝަބާއަށް ވިސްނަން ވަގުތު ދިނުމުގެ ގޮތުންނެވެ. އޭނާ ޝަބާގެ ސިކުނޑިއަށް ބުރަބޮޑުވެދާނޭފަދަ އެއްވެސް ކަމެއް ޖައްސާކަށް ބޭނުމެއްނޫނެވެ.

“އަހަރެން މަންމައަކަށްވަނީތަ، ދެން ވާނީ ކިހިނެއް” އިރުކޮޅަކު މަޑުން އޮވެފައި ޝަބާ ވައިއަޑުން ކަހަލަ ގޮތަކަށް ނާއިލާ މުހާތަބުކުރިއެވެ.

“ހޫމް، ޝަބާ މަންމައަކަށް ވަނީ، އަހަރެން ބައްޕައަކަށް… އަހަރުމެން ދެމީހުންނަށް ދަރިއަކު ލިބެން މިއުޅެނީ، އެހެންވީމަ ދެން ވާނެގޮތަކީ، ވިހާ ދުވަސް ގާތްވަންދެން ޝަބާ އުޅެންވާނީ ހަށިގަނޑަށް ވަރަށް ބަލައިގެން، ޚާއްޞަކޮށް ހަށިގަނޑަށް ފައިދާހުރި  ރަނގަޅު ކާނާ ބޭނުންކުރަންވާނެ، މިހާރު އަރާމު ކުރާވަރަށް ވުރެ ބޮޑަށް އަރާމުކުރަން ވާނެ، ކަންތައްތަކާ އެހާ ފިކުރުނުކޮށް މީހާ ރިލެކްސްކޮށް ހުރުމަށް އިސްކަންދޭންވާނެ، އޭރުން އިތުރު މައްސަލައެއް ދިމާނުވެ އިރާދަކުރެއްވިއްޔާ އަހަރުމެންގެ ދަރިފުޅާ ބައްދަލު ކުރުމުގެ ފުރުޞަތު ލިބޭނީ” އޯގާތެރި ކަމާއިއެކު ނާއިލު ވާހަކަދެއްކި އިރު އޭނާގެ ހޫނު ނޭވާ ޝަބާގެ ނިތްކުރިއަށް އިޙްސާސްވަމުން ދިޔައެވެ. ދެމީހުންނަށް އެހާ ގާތުގައި ތިބެވުނުކަން އެނގެނީ ހަމައެކަނި ނާއިލަށެވެ. ޝަބާއަށް އެކަން ފާހަގަ ނުވާ ކަހަލައެވެ.

“އަހަރެން ބަނޑުބޮޑުވިކަން އެނގުނީމަ ނާއިލު އުފާވޭތަ” ޝަބާ އަނެއްކާވެސް ކުރީ ސުވާލެކެވެ.

“ޝަބާ އުފާވަންޏާ އަހަރެންވެސް ހުންނާނީ އުފަލުން، ޝަބާ މިކަމާ ދެރަވަންޏާ އަހަރެން ބޭނުމެއްނޫން އަދި ކުއްޖެއް ހޯދާކަށް…” ވަގުތުން ނާއިލުގެ އަނގައިގައި ޝަބާ އަތްއެޅިއެވެ.

“ނޫން، އަހަރެން ވަރަށް ބަނޑުބޮޑުވާ ހިތްވި، އެކަމަކު ނާއިލު ބުނިހެން އަހަރެންގެ ވަގުތު މިޖެހުނީ އަދިކިރިޔާ، މީ އަހަންނަށް ﷲ މިންވަރު ކުރެއްވިގޮތް، އަހަރެން މިދަރިފުޅު ބަލާނަން އެނގޭ، ވަރަށް ލޯބިވެސް ވާނަން، އަހަރުމެންގެ ދަރިފުޅަށް ވަރަށް ރަނގަޅު މަންމައަކަށް ވާނަން، ނާއިލު އުފާވާނެ ދޯ” ޝަބާ ތެދުވެފައި ނާއިލަށް ބަލާލިއެވެ. ނާއިލު ހިނިތުންވެލަމުން ދެލޯ މަރާލާފައި ބޯޖަހާލިއެވެ. އޭނާ މިހާރު އެއޮތީ ހަޤީޤަތުގައިވެސް ވަރަށް އުފަލުންނެވެ. މިއަދު އޭނާގެ ހިތުގައި ޝަބާއަށް ޚާއްޞަ ޤަދަރެއްދެވިގެން ހިނގައްޖެއެވެ. އޭނާގެ ދަރިން މިދުނިޔެއަަށް އުފަންކުރަން ޝަބާއަށްވުރެ އެކަމަށް އެކަށޭނެ ދެވަނަ އަންހެނަކު ނުވާނެކަމުގައި ނާއިލު ޤަބޫލު ކުރިއެވެ. ލޯބިން ގޮސް ޝަބާގެ އެރީތި ތުންފަތުގައި ބޮސްދޭން ނާއިލުގެ ހިތްއެދުނެވެ. ނަމަވެސް ހިނިތުންވެލި ގޮތަށް ޝަބާއަށް ބަލަން އޮވެވުނީއެވެ.

* * * *

“އޭތް… އޭތް… މޯނާ… އަޑުއިވިއްޖެތަ، ކީއްވެތަ މަގޭ ފަހަތުން އަންނާށޭ ބުނީމަ ނައީކީ، އެހެންނޫންމަ މަންޖެއަށް ލައްކަ މަންޒަރު ފެނުނީސް، މަށަށް ހީވީ ހަމަ ރަނގަޅަށޭ، އެމީހުން އުފަލުން ހީވަނީ އެހެންފަދަ ކަމެއްހެން، އެކަމަކު މަށަށް ޔަގީނޭ އެއީ ނާއިލުގެ ދަރިއެއްނޫންކަން، އަދި ނާއިލުވެސް އިނޭ އެއްޗެއް ނުބުނެ ހިނިއައިސްފައި، އަހަރެން ހިތަށް އަރާ އެއީ ކޮންކަހަލަގެ އާދަމުގެ ދަރިއެއްބާއޭ… ކޮބާ މިހާރު ނަވާލު ގާތު ބުނީތަ، އޭނާ މެންދުރު ކައިގެން ބޭރަށް ނައްޓާލީތަ” ތެޅެމުން ފޮޅެމުން އައިސް ކާކޮޓަރިއަށް ވަދެ އެތަނުގައި ހުރި މޯނާގެ އަތުގައި ހިފާ އެއްފަރާތަކަށް ގެންގޮސްފައި ޝަރުމީލާ ބުންޏެވެ. އޭރު ބަދިގެ ފަރާތުން ލީލާ ނުކުންނަނީއެވެ.

“މި ދެމީހުން ތުންގުޅަން ފެށީ ކޮންއިރަކު” މިހެން ހިތައް އެރި ލީލާ ހައިރާންވެފައި ހުރެ، ޝަރުމީލާ އަށާއި މޯނާއަށް އަވަސް ނަޒަރެއް ދީފައި ބޮޑުކޮޓަރި އަށް ނުކުތެވެ. އޭނާވެސް ހައިރާންވީ މީ އެހެންޏާ ފެންނަ މަންޒަރެއް ނޫންވީމައެވެ.

“އަހަންނަށް ވަރިހަމަ މިގޭ މީހުން އޭނާ އާއިހެދި ހޭބަލިވެގެން އުޅުނަސް، މަށެއްވެސް ދެން މަޑަކުން ނުހުންނާނަން، ނޫޅެން ނަވާލު ގާތުވެސް އެއްވެސް ވާހަކައެއް ދައްކާކަށް، އަހަރެން ކުރާކަންތައް ދެން އޭނައަށް ފެންނާނީ، އޭރުން ޝަބާއަށް ރަނގަޅު ފިލާވަޅެއް ދަސްވާނެ، ނަވާލަށް ދަރިން ހޯދާ ދެވިފަ އޭރުން ހުންނާނީ” މޯނާ ހަޝަމް ބަދަލަމުން ފުންނޭވާއެއް ބޭރުކޮއްލާފައި ބުނެލިއެވެ.

އެހެންމީހުންނަށްވުރެ ކުރިން ކާމޭޒުދޮށުން ވީއްލިގެން ނަވާލު އޭނާގެ ކޮޓަރިއަށް ދިޔައެވެ. އެހެންނަމަވެސް އެކޮޓަރިއަކީ މިހާރު އޭނާއަށް އެއްވެސް ހިތްހަމަޖެހުމެއް ލިއްބައިދޭ ތަނެއްނޫނެވެ. ހަތަރުފާރުގެ ތެރޭގައި ވަނީ ތަރުތީބު ގެއްލިފައިވާ އެކި އެއްޗިއްސެވެ. މީގެ ކުރިންވެސް މޯނާގެ މާބޮޑު ފަރުވާލެއް ކޮޓަރި ސާފުތާހިރުކޮށް ބެހެއްޓުމަކަށް ނުލިބޭނެއެވެ. ގިނަ ފަހަރަށް އަމިއްލައަށް އެފަދަ ކަންތައްތައް ކުރަން ނަވާލަށް ޖެހެނީ އެހެންވެއެވެ. ބެލްކަނީގައި އަތްއަޅުވާލައިގެން ހުރިއިރު ދާދި ދެންމެ އަކު އޭނާއަށް ފެނުނު މަންޒަރާއި އިވުނު އަޑުތަކުން ހުރީ ހަރަކާތްހުއްޓިފައެވެ. ސަމީރާ އާއި ގޭގެ އެހެން މެންބަރުންގެ މަރުޚަބާ ކިޔުންތައް ނަވާލަށް ވަރަށް ރަނގަޅަށްވެސް ފެނިގެންދިޔައެވެ. އޭނާގެ ގާތު އިތުރަށް މީހަކު ބުނާނެ އެއްޗެއް ދެންނެތެވެ. މިލައިގެން ދިޔަ މޫނު ތިރިކޮއްލުމާއިއެކު ނިތަށް ރޫއަރައިގެން ދިޔައީ ނަވާލަށް ކުރެވުނު ލަދުވެތިކަމުގެ އިޙްސާސަކުންނެވެ. ޝަބާގެ ގާތުން މާފަށް އެދެން އޭނާ ބޭނުމެވެ. އެކަމަކު ޝަބާ ދުވަހަކުވެސް މާފުކުރާނެ ހެއްޔެވެ. އެއީ މިފަހަކަށް އައިސް އަބަދުމެ ނަވާލުގެ ހިތުގައި އުފެދޭ އެއްސުވާލެވެ. ޝަބާގެ ކުރިމައްޗަށް އަރަން އޭނާ ޖެހިލުންވެފައިވެއެވެ. އެހެން މީހުންނަށްވެސް ނުފެނި އުޅެވޭނެ ނަމައޭ މިހާރު ނަވާލުގެ ހިތަށްވެސް އަރައެވެ. އަނެއްކޮޅުން މޯނާއަށް އޭނާ އެވާހަކަތައް ކިޔާދޭނީ ކިހިނެއްކަން ވިސްނުމަށްވެސް ގެންނަން އުނދަގޫލީއެވެ. މިހާ ދުވަހު މޯނާދެކެ ލޯބިނުވިޔަސް އެހެން މީހުންނަށް ކީއްކުރަން ޚުދު މޯނާއަށްވެސް ނަވާލުގެ ހިތުގައިވާ އެއްޗެއް ނޭނގެއެވެ. އޭނާގެ ހިތް ބަދަލު ކުރަން ނަވާލު ކިތަންމެހާވެސް ބޭނުންވެފައި ވެއެވެ.

“ކިހިނެއް އަހަރެން ބުނާނީ ބީބީ ގާތު މިހުރިހާ ވާހަކައެއް، އަހަރެންގެ ސަބަބުން ބީބީގެ މުޅި ދިރިއުޅުން ފުނޑުފުނޑުވެގެން ދިޔައީ… މަނާރުދެކެ ލޯބިވީއިރު، އެއީ އަހަރެންގެ ނަސީބުގައި ދުވަހަކުވެސް ލިބެން ނެތް ލޯތްބެއްކަން އަހަންނަށް މިވިސްނުނީ މާފަހުން، އެތަކެއް ކަމަކަށް އަރައިގަނެވުނު ފަހުން، ހައްދު ފަހަނަ އަޅައި މިދެވުނީ އަހަންނަށް، ޝަބާ އާއި ބީބީގެ ގުޅުން އަހަރެން ހީކުރި ވަރަށްވުރެ މާ ވަރުގަދަވެފަ، އެހާމެ ގާތްކަން ބޮޑު، އޮޅުނީ އަހަންނަށް، މިއަދު އަހަރެންގެ ސަބަބުން ބީބީގެ ހުރިހާ އުފާތަށް ގެއްލިފައި ވިޔަސް، ބީބީ އަށް ޝަބާ ފަދަ އަންހެން ކުއްޖަކު ހަޔާތުގެ ބައިވެރިއަކަށް ލިބުނީތީވެ އެކަމާ އަހަރެން އުފާކުރަން، އަހަރެންގެ ކުށުގެ ސަޒާ ލިބިގަންނަން މިހިރީ ތައްޔާރަށް، އެކަމަކު ތިޔަ ދެމީހުންނާއި ކުރިމަތިލާނެހާ ހިތްވަރެއް އަހަރެންގެ ނެތް” އިސްޖަހާލައިގެން ހުރި ނަވާލުގެ ލޮލުގެ ހިމަކޮޅުން ފޭދިގެން ވެއްޓުނު ކަރުނަތިކި އަވަސް އަވަހަށް އަތުގެ ބޮޑުވައި އިނގިލިން އޭނާ ފޮހެލިއެވެ. ފުންނޭވާއެއް ލަމުން ލޮލަށް ޖަމާވެފައިވާ ކަރުނަތައް ހިންދާލިއެވެ. އަދި ވަށައިގެން ފެންނަމުން ދިޔަ މާޙައުލަށް ނަޒަރު ހިންގަން ފެށިއެވެ. ދުވަހަކުވެސް މިހާ ދަށުދަރަޖައަކަށް އޭނާއަށް ވެއްޓެވި ދާނެކަމުގައި ހީނުކުރެއެވެ. އެހެންމީހުންގެ މާފު ބޭނުންވެދާނެ މީހަކަށް ނަވާލު ވުމަށް ނޭދޭއިރުވެސް މިއަދު އޭނާ އެވަނީ އެހިސާބަށް ގޮސްފައެވެ. އަމިއްލަ ދިރިއުޅުމުން ހަޤީޤީ އުފާ ހޯދާނީ ކިހިނެއްކަންވެސް އޭނާއަށް އޮޅިއްޖެއެވެ. މޯނާގެ ރުޅިވެރިކަމަށް އޭނާ ކެތްކުރަމުން އެދަނީ އޭނާއަށް ދަސްވި ފިލާވަޅުގެ އަލީގައެވެ. އެތަކެއް އަހަރަކަށްފަހު މޯނާގެ ހިތްހަލާކު ކޮއްލަން ނަވާލު ބޭނުންނުވަނީއެވެ. އެހެން ހެދުމަށްވުރެ މޯނާގެ ރުޅިވެރިކަން ތަޙައްމުލު ކުރުންވެސް މާރަނގަޅެވެ. ފަހަކަށް އައިސް މޯނާ އާއި ދެބަސްވުމުގެ ބަދަލުގައި ކަންތައްތައް މާގޯސްވެއްޖެ ނަމަ ގެއިން ނުކުމެގެން ދަނީ އެހެންވެއެވެ.

ޢާއިލާއަށް ލިބުނު އުފާވެރި ޚަބަރު ވަފިއްޔާގެ ކަންފަތާއި ހަމައަށް ގެންދިޔައީ ސަމީރާއެވެ. އެ ޚަބަރާއިއެކު ޝަބާ ގޮވައިގެން ވަރަށް އަވަހަށް ވަފިއްޔާގެ ގާތަށް ދާނެ ވާހަކަ ސަމީރާ ބުންޏެވެ.

“ޝަބާ ނުގެނެޔަސް ރަނގަޅުވާނެ، އަހަރެން ގޮސްދާނަން ތިގެއަށް” ވަފިއްޔާ ބުނެލިއެވެ.

“ތިވީ މާ ރަނގަޅަކަންނު، ޝަބާ ވަރަށް ބޮޑަށް އަރާމު ކުރަން ޖެހޭނެ ކަމަށް ޑޮކްޓަރު ވަނީ ވިދާޅުވެފައި، އެހެންވީމަ އޭނާ ގޮވައިގެން ތަންތަނަށް ދިއުން އެއީ ރަނގަޅު ޚިޔާލަކަށް ނުވާނެ ދޯ، އަހަންނަށް އެކަމަށް ވިސްނާނުލެވުނީ، ކޮން ދުވަހަކުންތަ ވަފިއްޔާ އަންނާނީ” ސަމީރާގެ އުފާވެރިކަން އޭނާ ފޯނުން ވާހަކަދެއްކިއިރުވެސް އަނެއްކޮޅުގައި ހުރި ވަފިއްޔާއަށް އެނގޭހާވެއެވެ.

* * * *

ދުވަސްތައް ޝަބާއަށް ދިގުވެފައި ވަނީ އޮފީހަށްވެސް ދާން ނުޖެހޭތީ އާއިއެކުއެވެ. އޭނާ ބަލިވެ އިންދުވަހުން ފެށިގެން ބޭނުން ނުވިޔަސް ނާއިލުގެ އެދުމާއިއެކު އޮފީހުން ވަކިވީ އެކަމާ ރުހިގެންނެއް ނޫނެވެ. ނަމަވެސް ޢާއިލާގެ ނުފޫޒުގެ ބޮޑުކަމުން އެނޫންގޮތެއް ނެތިގެންނެވެ. އެނިންމުމާއިމެދު ޝަބާއަށް ހިތްހަމަނުޖެހިވެގެން އުޅެނީ އޭނާ އާއި ރާއިދުގެ މެދުގައި ހިނގާދިޔަ ކަންތައްތަކުގެ މަތިން ހަނދާންވެފައެވެ. އެއްވެސް ސަބަބަކާއިނުލާ ނާއިލުވެސް ވަރިކޮއްލަފާނެއޭ ހީވަނީއެވެ.

އެކަމަކު، ޝަބާގެ ވިސްނުން މަޑުމަޑުން ބަދަލުވަމުން ދިޔައީ ނާއިލުގެ ސަބަބުންނެވެ. ނާއިލުގެ އޯގާތެރިކަން އޭނާއަށް ލިބެއެވެ. ބީހުންތަކެއްގެ ސިފައިގައި ނޫންނަމަވެސް ނާއިލުގެ އޯގާތެރިކަމާއި ލޯބިން ފުރިގެންވި ބަސްތަކުން ޝަބާގެ ހިތަށް އަސަރު ކުރުވައެވެ. އެކުގައި ހޭދަވާ ވަގުތުތަކަކީ ޝަބާވެސް ހިތްހަމަޖެހިފައި ހުންނަ ވަގުތުތަކެއް ކަމުގައި ވެގެންދެއެވެ.

ޝަބާގެ ބަނޑަށް ދެމަސްވެގެން ދިޔައިރު ﷲ ގެ ރަޙުމަތްފުޅުން، ޝަބާއަށް ކުރެވޭ ހުރިހާ އުނދަގޫތަކެއް ފިލައިގެން ހިނގައްޖެއެވެ. ހޮޑުލުމާއި، މޭ ނުބައި ކުރުމާއި، ބޯ އެނބުރުމާއި ވަރުބަލިވުން ފަދަ ހުރިހާ ކަމެއް މުޅިން ފިލާ ހިނގައްޖެއެވެ. އެއާއިއެކު އޭނާގެ މަސައްކަތަށް ރުޖޫޢުވި ކަހަލައެވެ. ނާއިލުގެ ހިދުމަތުގައި އޭނާ ރެޔާއި ދުވާލު އުޅެމުންދިޔައެވެ.

މޯނާ އަށް ޝަބާ ނުކުމެ އުޅޭތަން މާގިނައެއްކޮށް ނުފެންނާތީވެ ހިތްބުނާ ކޮންމެ ކޮންމެ ކަމެއް ކުރާނެ ފުރުޞަތެއް ނުލިބެއެވެ. ޝަރުމީލާ ހުންނަނީ އަބަދުހެން އޭނާގެ ފަހަތުގައި ވިއްދާފައެވެ. މޯނާގެ ހިޏަންޔަށްވެސް އެހާ ކައިރީގައި ނުހުރެވޭނެއެވެ. މޯނާގެ ސިފައަށްވެސް އޭނާގެ ރުޅީގެ ސަބަބުން އަސަރު ކުރަމުންދިޔައެވެ. އެރީތި މޫނުގައި ހުރި ހިނިތުންވުން ގެއްލި މޫނުމަތި މިލައިލައިފިއެވެ.

އެއްދުވަހުގެ ހަވީރުގެ ވަގުތެވެ. ފުރުޞަތަކަށް ބަލަބަލާ ހުރި މޯނާ ބަދިގެއިން ނުކުމެގެން އައި އިރު ދިމާ ކުރިމަތިން ހުރެ ޝަބާ އަންނަނީއެވެ. މޯނާއަށް ނާއިލުގެ ކޮޓަރި ދޮރުމަތީގައި އޭނާ އިންކަމެއް ނޭނގެއެވެ. އެއަށްވުރެ އޭނާގެ ސަމާލުކަންވަނީ ޝަބާއަށް ހުއްޓިފައެވެ. ޝަބާ އަށް މޯނާ ފެނުމުން ހިނިތުންވެލެވުނީ އޭނާގެ ހިތްހެޔޮ ކަމުންނެވެ. ނަމަވެސް އެހިނިތުންވުމުންވެސް މޯނާއަށް ނެނގުނީ ނުބައި މާނައެކެވެ.

“އަހަންނަށް މަލާމާތް ކުރާނަމޭ ހިތާތަ ތިއުޅެނީ…” ކުއްލިއަކަށް ޝަބާގެ ކޮނޑުގައި ޖަހައި ފަހަތަށް ކޮއްޕައިލަމުން މޯނާ ބުންޏެވެ.

“މޯނާ…” ސިއްސައިގެން ދިޔަ ޝަބާ ދެތިންފިޔަވަޅު ފަހަތަށް ދިޔައެވެ.

“މޯނާ… ކިހިނެއްވެގެން ތިއުޅެނީ” ނާއިލުގެ އަޑު ޝަބާގެ ފަހަތުން އައިކަން މޯނާއަށް އެނގުނެވެ.

“ހުރިހާ ކަމެއް އެނގޭއިރުވެސް ނޭނގޭކަމަށް ހަދަައިގެން ތިއިންނަނީ، ދުވަހަކުވެސް އަންހެނަކު ނުލިބޭނެތީވެ ދޯ، އެހެންނޫނީ މިކަހަލަ ހަޑިމުޑުދާރު އަންހެނަކާއިއެކު އުޅޭނީ ކޮން ފިރިހެނެއް، މީ އެއްރެއަށް ގެންގުޅެލާ އަންހެނުން ފަދަ އަންހެނެއް، އެކަން ނާއިލަށް އެނގޭއިރުވެސް…” މޯނާ އާއި ދިމާލަށް ނާއިލު ވަރަށް ބާރަށް ހަޅޭލަވައިގަތެވެ.

“ހުއްޓާލާ، ހަމަ މިހާރު ހުއްޓާލާ، އިތުރަށް އެންމެ އެއްޗެއްވެސް ބުނެގެން ނުވާނެ…” ނާއިލު ހީވަނީ ހަމަ ދެންމެ ދެންމެ ގޮނޑިން ތެދުވެގެން އަތުވެދާނެ ހެންނެވެ. މޯނާ ކުރިއަށް ޖެހިލާފައި ނާއިލަށް އަތް ހޫރާލާފައި ރުޅިވެރި ކަމާއިއެކު ޒުވާބު ކުރިއެވެ.

“ނުހުއްޓާނަން، މިބުނީނު ނުހުއްޓާނަމޭ، އަހަރެން ކިޔަން ބޭނުން އެއްޗެއް އަހަރެން ކިޔާނީ، އެހެނޭ ކިޔާފަ ނާއިލަށް ކުރެވޭނީ ކޮންކަމެއް، ހަމަ ތިހެން އިންނަން ޖެހޭނީ، މި އަންހެނާ ހެދިހާ ގޮތެއް ހެދިގެން… ބަނޑުގައި އޮތީ ކާކުގެ ދަރިއެއްކަން ނޭނގޭއިރުވެސް، އެކަން އަމިއްލަ ބޮލުގައި އަޅައިގެންނު ތިއިނީ” މޯނާގެ ފަހު ޖުމްލަ އަޑުއިވިފައި ޝަބާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހުޅުވުނު އަނގައިގައި އަތްއަޅާލުމާއިއެކު ދެފަރާތަށް ޝަބާގެ ބޯހޫރާލެވުނެވެ. އަވަސް އަވަހަށް އެތަނުން ދިއުމަށް ނާއިލާއި ދިމާލަށް ހިނގައިގަންނަން އެނބުރުނުތަނާ މޯނާ އޭނާގެ އަތުގައި ހިފިއެވެ.

“ކޮންތާކަށް ދާކަށް، މަ ދައްކާ ހުރިހާ ވާހަކައެއް އަޑުއަހާފަ ކަލެއަށް ދެވޭނީ، މީނދަ ބޮޑު ގަމާރަށްވެސް ހުރިހާ ކަމެއް އެނގެން ޖެހޭނެ އެންނު، މަގޭ ދިރިއުޅުމާ ލައްކަ ދުވަހު ކުޅެވިއްޖެ… ކަލޭގެ ލަދު ހަޔާތް ކޮބާ…” ދަތްކުނޑިވިކާލުމާއިއެކު ދެންފެނުނީ މޯނާގެ އަތްތިލަ ޝަބާގެ ކޯތާފަތަށް އެރިތަނެވެ.

“މޯނާ…” ގޭތެރޭގައި ހުރި ތަނބުތައްވެސް ގުގުމައިގެން ދާފަދަ ބާރު އަޑަކުން ނާއިލު ހަޅޭލަވައިގަތެވެ. އެއާއިއެކު ސިންކު ކައިރީ ހުރި ލީލާ އާއި ކޮޓަރީގައި އޮތް ސަމީރާގެ ދެމަފިރިންވެސް ނުކުމެއްޖެއެވެ. ކޮންމެ މީހެއްގެ ލޮލުގައިވެސް އެންމެ ފުރަތަމަ އަޅައިގަތީ މޯނާގެ ރުޅިވެރިކަމުން ފުރިގެންވި މޫނެވެ. ދެން މޫނުގައި އަތްޖައްސާލައިގެން ހުރި ޝަބާއެވެ.

“ކިހިނެއްތަ ވެގެންމިއުޅެނީ” ހާސްވެފައި ހުރެ ސަމީރާއަށް އަހާލެވުނެވެ.

“މަންމާ، މޯނާ…” ނާއިލު އެއްޗެއް ބުނިއަކަށް މޯނާ ނުދިނެވެ.

“މިގެއަށް އެންމެ ފުރަތަމަ އައީ އަޅުގަނޑު، އެކަމަކު މަންމަވެސް އަޅުގަނޑަށްވުރެ ބޮޑަށް މި އަންހެނާ ދެކެ ލޯބިވޭ، އަޅުގަނޑުގެ މަންމައެއް ނުވެސް ނެތް މިދުނިޔެއަކު، އަޅުގަނޑު މިހާ ދުވަހު ހީކޮށްގެން އުޅުނީ ތީ އަޅުގަނޑުގެ މަންމަ ކަމުގައި… އެކަމަކު އެހެނެއްނުވާނެކަން މިހާރު އެނގިއްޖެ، މިސުންޕާ މިގޭގައި ހުރިހާ ދުވަހަކު ހުރިހާ ކަމަކަށް އަތްގަދަ ކުރާނެ، މިހާރު އެއުޅެނީ މިގެ އާއި ޢާއިލާގެ މުދާ ގަނޑަށް ވެރިވެ ގަންނާނެ ގޮތެއް ހޯދަންވެގެން… މަންމައަށް މި އަންހެނާގެ ގޮތްކުޑަކަން އަންގައިދޭން މިއަދު މިއުޅެނީ…” މޯނާ ރުޅި ގަދަވެގެން ގޮސް ތުރުތުރު އަޅައެވެ. އަސްލަމް ނިކަން އަވަހަށް ގޮސް ނީލަށް ގުޅާ އެތަނަށް ގެނުވިއެވެ.

“މޯނާ، ދަރިފުޅު ކީކޭތަ ތިކިޔަނީ، މަންމަ ހުރިހާ ކުދިންދެކެވެސް ލޯބިވަނީ އެއްވަރަކަށޭ، މިދުވަސްކޮޅަކީ ހަމަ ދަރިފުޅަށްވެސް އަންނާނެ ދުވަސްތަކެއް، އެދުވަހުން ހަމަ މިމަންމަ ތިދަރިފުޅަށް އެހެން ކުދިންނަށްވުރެ ބޮޑަށް އަޅާލެވޭނެ، މަންމަ ބުނަން މިއުޅެނީ ޝަބާއަށް މިދުވަސްކޮޅު އެންމެންގެ އެހީ އާއި ލޯބި ބޭނުންވާނެއޭ، މިއީ ވަކި ޝަބާދެކެ ބޮޑަށް ލޯބިވާތީ އުޅޭގޮތެއް ނޫން، މޯނާ ރުޅިމަޑުކޮއްފަ ހަމަޖެހިގެން މަންމަ އާއި ވާހަކަ ދައްކަން އާދެބަލަ، ޝަބާގެ އަތުން ދޫކޮއްލާފަ މިކޮޅަށް އާދެބަލަ” ސަމީރާ މައިވަންތަކަމުން ފުރިގެންވި ރާގެއްގައި މޯނާއަށް މުހާތަބު ކުރީވެސް އޭނާއަށް އެއްޗެއް ވިސްނޭތޯއެވެ.

“ނަވާލު… ނަވާލު…” ދެފަހަރަކު ދޮރުގައި ޖަހާލުމަށްފަހު ނީލް ދޮރުހުޅުވާލައިފިއެވެ. އޭރު އުއްޑުން އެނދުގައި އޮށޯވެލައިގެން ބޯދަށަށް ދެއަތް ލައްވާލައިގެން ނަވާލު އޮތީ ކޮންމެވެސް ޚިޔާލެއްގައެވެ. އެހެންނަމަވެސް ކޮޓަރީގެ ދޮރު ހުޅުވާލުމާއިއެކު އަނދިރިކަން ވެރިވެފައި އޮތް އެކޮޓަރިއަށް އަލިވަނުމުން ނަވާލު ބަލާލިއިރު ދޮރުމަތީ ހުރި ނީލް ފެނި ފުންމައިގެން ތެދުވެއްޖެއެވެ. ބުނަން އައި ވާހަކައަށްވުރެ ނީލްއަށް ބަލާލެވުނީ އެކޮޓަރިއަށެވެ. އިންސާނުން ދިރިއުޅޭ ތަނެއްހެން އެތަން ހީނުވާތީއެވެ. އަދި އިސްޖަހާލައިގެން ހުރި ނަވާލަށް ބަލާލުމުން ފެންނަނީ ހިތާމަ ކުރާމީހެއްގެ ފަރާތުން ފެންނަ އަސަރުތަކެވެ.

“ނަވާލަށް އުޅެވޭގޮތް އެބަ އެނގޭތަ، މޯނާއަށް އެއުޅެނީ ކިހިނެއްވެގެންތަ، ގޭތެރޭގަ އަޑުގަދަ ކޮއްލާފަ އުޅޭއިރު ބޭބެވެސް ގޭގައި އުޅުއްވާކަން ނޭނގެނީތަ، އަންހެނުން އެހާ ބާރަށް ޒުވާބުކޮށް ހަދާއަޑު ބޭބެއަށް އިވުމުން ރުޅިގަދަ ވާނެވަރު ނަވާއަށްވެސް އެނގޭނެ، މޯނާ އެހާ އަދަބު ކުޑަކޮއްލާފަ ގޭތެރޭ މީހުންނާ އެބަ ޒުވާބު ކުރޭ، އެބަހުރި ޝަބާގެ…” ނީލްއަށް ޖުމްލަ ފުރިހަމަ ނުކުރެވެނިސް ނަވާލު ސިޑިއާއި ދިމާލަށް ދުއްވައިގަނެއްޖެއެވެ.

“މި އެންމެގެ ކުރިމަތީގަ މިއަދު ކަލޭ ޖެހޭނީ ބުނަން… ބުނެބަލަ އެމީހުން ގާތު ކަލޭގެ ބަނޑުގައި ތިއޮތް ދަރިފުޅުގެ ހަޤީޤަތް، ތީ ނާއިލުގެ ދަރިއެއް ނޫންކަން، މަގޭ ދިރިއުޅުމަށް ނޫނީ ކަލެއަށް ވަންނާކަށް ނޭނގުނު ދޯ، އެހެންނު ވާނީ ނަވާލު ފެނިފަ މީނަ ހުރީ ހޭބަލިވެފަ ވިއްޔަ، ކީއްކުރަން އަޅައިގެން އުޅޭ ބުރުގާއެއްތަ…”  މޯނާ، ޝަބާގެ ޝޯލުގައި ހިފައި ދަމައިގަތްލެއް ބާރުކަމުން ޝޯލުގެ ބައެއް ދަތިޖަހާފައި ހުރި ދިމާލުން ފިލިގެން ގޮސް އިރައިގެން ދިޔައެވެ. ޝަބާއަށް ދެއަތުން ޝޯލްގައި ހިފަހައްޓާލެވުނު އިރުވެސް އަނގައިން ބަހެއް ނުނިކުތެވެ. މޯނާގެ ސަބަބުން ޝަބާހުރީ ލަދުގެންފައެވެ. ނާއިލުގެ ޢާއިލާގެ އަގު ވެއްޓިދާނެފަދަ ކަމެއް އޭނާގެ ފަރާތުން ވެދާނެތީވެ ކަންބޮޑުވެފައެވެ.

“މޯނާ… އެކަމަކުވާ…” ސާމީރާއަށް މިހެން ބުނެވުމާއިއެކު ޝަބާ އާއި ގާތަށް ފިޔަވަޅެއް އަޅާލެވުނެވެ. ދެންތިބި މީހުންވެސް ދިޔައީ މޯނާގެ އެ ހަރަކާތުގެ ސަބަބުން ސިހިގެންނެވެ.

“މޯނާ، ތީ ތަންފުކެއް ބޮޑުވަރު، ނުޖެހެޔޭ ޝަބާގެ ގައިގަ އަތްލާކަށް، އަންނަ ރުޅިއެއްވެއްޖެއްޔާ މަށަށް ބާލަބަލަ” ސަމީރާ އަށް ކުއްލިއަކަށް އިވުނީ ނަވާލު ބާރު އަޑުން ހަޅޭލަވައި ގަތްއަޑެވެ. ނަވާލު އެއައި ގޮތަށް އައިސް މޯނާގެ އަތުން ޝަބާގެ އަތްވަކި ކޮއްލައިފިއެވެ. ހަމަ އެހިނދުކޮޅުގެ ތެރޭ މޯނާ އަނެއްކާވެސް ހޫރާލި އަތާއިއެކު ޝަބާގެ މޫނުގައި އެތިފަހަރެއް ވީއްލާ ލައިފިއެވެ. އެހޫނުކަންމަތީ މޯނާގެ މޫނަށްވެސް ނަވާލުގެ ހޫނު އަތްތިލަ އަރައިފިއެވެ.

“ތިކަން ހުއްޓަން ވެއްޖެއެންނު، ވާހަކަ ދައްކާނީ ހަތަރެސް ފަޔަކުންނޫން، މޯނާ ދެންނުވާނެ ޝަބާގެ ގައިގާ ޖަހައިގެން، ނަވާލުވެސް ނުވާނެ މޯނާއަށް އަތް އިސްކޮއްގެން” އަސްލަމަށް ކުޅަދާނަ ނުވެގެން އަޑު ހަރުކޮށް ބުނެލިއެވެ.

“ނަވާ ބޭނުންހާ ގޮތަކަށް ދެން ނޫޅެވޭނެ، މިގޭ އެކަކަށްވެސް ނޭނގޭނެ، ރާއްޖެތެރެއަށް ގޮސް މިހިރަ ޝަބާ އާއި ނަވާލު ގަތް ގަނޑެއް، އެކަމުގެ ނަތީޖާ މިހާރު އޭނާގެ ބަނޑުން އެފެންނަނީ” ނަވާލުގެ ދެވަނަ އެތިފަހަރު މޯނާގެ ކަންފަތްމައްޗަށް އެރިއެވެ. އޭރު ދެން ތިބި މީހުން ތިބީ އަޑުއިވުނު އެއްޗަކާއިމެދު ބަސްހުއްޓިފައެވެ. އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.

“ޖަހާބަލަ، އަދިވެސް ޖަހާބަލަ… މީ ދޮގަކަށް ނުވާނެ، އެހެން ނޫންނަމަ ނަވާލުގެ ފޯނުން އަހަންނަށް އެފޮޓޯތަކެއް ނުފެނުނީސް، އެރަށަށް ދާން ބުނީމަވެސް ނަވާލު އަހަންނަށް މަނާ ކުރީ އެހެންވެ އެންނު، ޝަބާ އާއިއެކު އޮތް ގުޅުމަށް ބުރޫ އަރާ ފާނެތީވެ އަހަންނަށް މަޖުބޫރު ކުރީ ނަވާލުގެ ގާތަށް ނުދިއުމަށް… މީ ދޮގެއް ނޫން… މަންމާ، އެވަރުގެ އަންހެނެކޭ މީ… އޭނާއަށް ނޭނގުނު ނަވާލަކީ އަހަރެންގެ ފިރިމީހާކަން…” މޯނާއަށް އެންމެ ފަހުން ރޮވުނީއެވެ.

“އެއީ ތެދެއްތަ… ނަވާލު، ބައްޕައަށް އެނގޭ މިވެގެން އުޅޭގޮތް ނަވާލަށް އެނގޭކަން” އަސްލަމް ހަރުކަށި ރާގެއްގައި ނަވާލާއި ސުވާލު ކުރެއްވިއެވެ. ޝަބާއަށް އެތަނަކު ނުހުރެވުނެވެ. ދުވެފައި ގޮސް ކޮޓަރިއަށް ވަންތަން ފެނުމުން ނާއިލަށް ޝަބާ އެދިޔައީ ރޮމުންކަން އެނގުނެވެ. އިތުރަށް ނަވާލުދެކެ ރުޅި އާދެވުމާއިއެކު އޭނާގެ މުޅި ހަށިގަނޑަށް ބާރުލެވުނެވެ. އެވަގުތު އޭނާއަށް މުޅިން އާކަމެއް އިޙްސާސް ވެގެންދިޔައެވެ. ބަލަހައްޓައިގެން އިންދާ އަތުގެ ޝަހާދަތް އިނގިލި ހަރަކާތްކޮއްލިއެވެ. އެކަމަކު ވަގުތުގެ ގޮތުން އޭނާ އެކަން ހުރިހާ އެންމެނަށް ސިއްރުކުރިއެވެ.

“ހުރިހާ ކަމެއް އަޅުގަނޑު ކިޔާދީ ފާނަން، ބޭބޭ، އަޅުގަނޑަށް މާފުކުރައްވާ ކުރިން މިވާހަކަ ނުދެއްކުނީތީވެ، ހައްތަހާވެސް ޢާއިލާގެ މަސްލަހަތަށްޓަކައި ހުރިހާ ކަމެއް ސިއްރު ކުރެވުނީ…” ނީލް ދައްކަމުން ދިޔަ ވާހަކަތައް ސަމީރާ މެދުކަނޑާލިއެވެ.

“ތީ ހިނގިކަމެއްތަ؟ ނުވާނެ… ޤަބޫލެއް ނުކުރާނަން، ނަވާލާއި ޝަބާ އެފަދަ ގުޅުމެއް ނުހިންގާނެ، ޚާއްޞަކޮށް ޝަބާ، އޭނާ ނުކުރާނެ ތިޔަފަދަ ވިޔާނުދާ ކަމެއް…” ސަމީރާއަށް ބުނެވުނެވެ.

“ދައްތާ. ތިހީކުރެވުނީ މުޅިއަކުން ރަނގަޅަކަށް ނޫން، ތެދެއް، ޝަބާއަކީ މާތް އާހްލާގެއް ލިބިފައިވާ އަންހެން ކުއްޖެއް، މޯނާ އެބުނާ ފަދަ ގުޅުމެއް ނަވާލާއި އެކު ނޯވޭ… އެކަމަކު ދައްތަމެން އައުމުގެ ކުރިން ވަރަށް ބޮޑު ހާދިސާއެއް ހިނގަން އުޅެނިކޮށް އެކަން ހުއްޓުވުނީ ހަމަ ކިރިޔާ، އެއީ ހަމަ ޝަބާގެ ނަސީބު، ނަވާލުގެ ފަރާތުން ފެނުނު މަންޒަރުތައް އަޅުގަނޑު ކިޔާދޭން ލަދުގަނޭ، ޝަބާގެ ރުއިމުގެ އަޑުއިވުނު އިރު ނަވާލުގެ ރަޙުމު ކުޑަކަން އެރޭވަނީ ހައްދު ފަހަނަ އަޅާފައި، ނަވާލުގެ އަތްދަށުން ޝަބާ ސަލާމަތް ކުރީ މީކާ، އަޅުގަނޑަށްވެސް ބަލަން ހުރެވުނީ ޤަބޫލު ކުރަން ދަތިވެގެން، ދައްތާ، އަޅުގަނޑުމެންގެ ޢާއިލާގެ ފަރާތުން ޝަބާއަށް ވަނީ ވަރަށް ބޮޑު ނިކަމެތި ކަމެއް ލިބިފައި، އެކަމާ އަޅުގަނޑު ކުއްވެރިކުރަނީ ނަވާލް… ޝަބާގެ އެއްވެސް ކުށެއްނެތް، މަގު އޮޅުނީ ނަވާލަށް، ޢާއިލީ ގުޅުން ކަނޑާލީ ނަވާލު…” ނީލް ކިޔާދިނެވެ.

ސަމީރާއަށް ކުއްލިއަކަށް އަސްލަމްގެ ގައިގާ ހިފަހައްޓާލެވުމާއިއެކު ތިރިއަށް ވެއްޓޭގޮތްވިއެވެ. ހާސްވެ ކަންބޮޑުވެ ލައްވާފައި ހުންނެވި އަސްލަމް އަވަސްވެގެންނެވީ ސަމީރާ ގެނެސް ބޮޑުކޮޓަރީގެ ސޯފާއެއްގައި ބޭންދުމަށެވެ.

“ޝަބާ… މިއަދު އަހަރެން އެއަންހެން ކުއްޖާއަށް ދައްކާނީ ކޮންމޫނެއް، އެރަށުން ޝަބާ ފުރަތަމަ ފެނިފަވެސް އަހަރެންގެ ހިތް ބުނި އެކުއްޖާއަށް ކޮންމެވެސް ކަމެއް ވެއްޖެޔޭ…” ސަމީރާއަށް ވަގުތުން ރޮވިއްޖެއެވެ. ހިތަށް ކުރި އަސަރާއިއެކު މޫނުގައި ދެއަތުން ހިފަހައްޓާލައިގެން އިނދެ ދެފަރާތަށް ބޯހޫރަމުން ދިޔައެވެ.

“ނުވާނެ އެހެނެއް…” މޯނާއަށް ހަޅޭލަވައިގަނެވުނެވެ.

“އެއީ ތެދެއް…” މަޑުމަޑުން ނަވާލު ބުނެލި އަޑު އިވުނެވެ.

“ނޫން… ނޫން… ނަވާ… ބުނޭ ޝަބާއޭ ނަވާއަށް މަޖުބޫރުކުރީ، ޝަބާއޭ ނަވާއަށް މަގު އޮޅުވާލީ..” މޯނާ ރޮމުން ނަވާލުގެ ގަމީހުގައި ހިފައި ދަމައިގަތުމާއިއެކު ނަވާލުގެ މޭގައި ތަޅައިގަތެވެ.

“މޯނާ ހީކުރާހާ ޕާފެކްޓު މީހެއް ނޫނޭ އަހަންނަކީ، ތުއްތޮން އެބުނީ ތެދެއް، ހަޤީޤަތްވާނީ ހަޤީޤަތަށް، އޮޅުވާލުމުގެ މާނައެއް ނެތް، އެދެއްކީ އަހަރެން ކުރިކަމެއްގެ ވާހަކަ… އެކަމާ މިއަދު ލަދުގަނޭ… މަންމާ…” ނަވާލު، މޯނާގެ ދެކޮނޑުގައި ހިފައި ތަޅުވައިގަންނަމުން މިހެން ބުނެ ސަމީރާ އާއި ދިމާލަށް ހިނގައިގަތެވެ.

“މަންމާ، ޕްލީޒް ނުރޮއެ… އަޅުގަނޑަށް ކުށެއް ކުރެވުނީ، މާފަށް އެދެން ނުކެރުނީ ކުށުގެ ބޮޑުކަމުން، މަންމަ ގާތުން މާފަށް އެދެން ބޭނުން، އަދި ބައްޕަ ގާތުންވެސް، އަޅުގަނޑު ހެޔޮ މަގުން ކައްސާލީ، ބައްޕާ، އަޅުގަނޑު ދުވަހަކުވެސް ދެން އެފަދަ ކަމެއް ނުކުރާނަން” ނަވާލު އައިސް އަސްލަމް އާއި ސަމީރާގެ ފައިބުޑަށް ތިރިވެ އިނދެ ވާހަކަދެއްކިއެވެ. އަސްލަމަށް ނިތްކުރީގައި އަތްހާކާލެއްވުމާއިއެކު އިސްޖައްސަވާ ލެއްވުނެވެ. ދަރިފުޅާއި ކުރިމަތިލާނެހާ ހިތްވަރު ނެތްކަމުގެ އިޝާރާތެއްކަހަލައެވެ.

“ބައްޕާ، ތިހެން ނަހަދައްވާ، އަޅުގަނޑު އާދޭސް ކުރަން… އަޅުގަނޑަށް ހައްޤު ކޮންމެ ސަޒާއެއް ލިބިގަންނަން މިހިރީ ތައްޔާރަށް، މަންމާ އަޅުގަނޑަށް އަދަބު ދެއްވާ، ކުށުގެ ސަޒާދެއްވާ، އެކަމަކު ތިޔަހެން މޫނު އަނބުރާ ނުލައްވާ” ނަވާލު ސަމީރާގެ ކަކުލުގައި ދެއަތް އަޅާލި ގޮތަށް މޫނުޖައްސާލިއެވެ.

“ތަރުބިއްޔަތު ކުރުމުގައި ހެދުނީ ކޮންގޯހެއް، ނަވާލަށް ރަނގަޅު ގޮތާއި ނުބައި ގޮތް މަންމަ ކިޔައި ނުދެންތަ، އަބަދުވެސް ބުނަން، އަންހެން ކުއްޖެއްގެ އަނބުރާ އިއްޒަތަކީ އެމީހުންގެ ހުރިހާ އެއްޗެކޭ، އެމީހުންނަށް ދޭންޖެހޭ ޤަދަރުވެސް ބޮޑުވާނެއޭ…” ސަމީރާ މޫނުން އަތްނެގުމާއިއެކު ނަވާލަށް ބުނެލިއެވެ.

“މަންމާ، އަޅުގަނޑު އިތުރަށް ލަދުގަންނަވާ ދެރަ ނުކުރޭ، އެދުވަހަށް ފަހު އަޅުގަނޑުގެ ސިކުނޑިން އެކަން ފިލައިގެން ނުދޭ، އަމިއްލަ ނަފްސު ކުއްވެރި ކުރެވެނީ ކިތަށް ފަހަރު ކަމެއް ނޭނގޭ، އަޅުގަނޑަށް ހަމަޖެހުމެއް ނުވޭ، މިއީ އަޅުގަނޑުގެ ނުބައިކަމުން ކުރި ކަމެއް، އެއްގޮތަކަށްވެސް މަންމަގެ ނަސޭޙަތް ގޯސްވެގެންނެއްނޫން” ނަވާލުގެ އަޑުގައިވާ ހިތްދަތިކަން ސަމީރާއަށް އިޙްސާސް ކުރެވުނެވެ. އެހެންނަމަވެސް އެއްޗެއް ނުބުނެ ތެދުވެގެން ހިނގައިގަތީ ކޮޓަރި އާއި ދިމާލަށެވެ. އެހިނދު އަސްލަމްވެސް ކަންތައް ކުރެއްވީ ހަމަ އެގޮތަށެވެ. އިރުކޮޅަކު އިސްޖެހުނު ގޮތަށް ނަވާލު އިނދެފައި މަޑުމަޑުން ދެލޯ ފޮހެލާފައި ތެދުވެގެން ހަލުވި ކަމާއިއެކު ސިޑިއާއި ދިމާލަށް ދިޔައެވެ. އޭރު އެތަނުގައި މޯނާ ފެންނާކަށް ނެތެވެ. ނަވާލު ދަމުން ގޮނޑީގައި އިން ނާއިލަށް މާނަފުން ބަލާލުމަކުން ބަލާލިއެވެ.

ހައިރާންވެފައި އަނގަހުޅުވުނު ގޮތަށް ޝަރުމީލާ ހުރީ ތަނބާ ނިވާވެގެންނެވެ. އޭނާ އެއްގޮތަކަށްވެސް ހީކުރި ގޮތަކަށް މިކަމެއް ހިނގައިގެން ނުދިޔައެވެ. ހީކުރިހާ ހޫނު ބޮޑެއްވެސް ނުވިއެވެ. ފަހުވަގުތު ކާމިޔާބު މިކުރީ ޝަބާއެވެ. އެންމެން އެކި ދިމަދިމާލަށް ގޮސް ގެއްލުނު އިރުވެސް އޭނާއަށް ހުއްޓުން އަރާފައި ހުރެވުނީއެވެ.

އަޑުގަދަވެގެން ނުކުން މީކާ، ނާއިލު ގޮވައިގެން ކޮޓަރިއަށް ވަންއިރު އެނދުގައި ބަންޑުން އޮތް ޝަބާ އެމީހުންނަށް ފެނުނެވެ. މީކާ، ނާއިލުގެ ގޮނޑި އެނދާއި ކައިރިކޮއްލަ ދިނެވެ. އެއާއިއެކު ނާއިލު އޭނާގެ ބޮލުގެ އިޝާރާތުން މީކާއަށް އެކޮޓަރިން ދިއުމަށް އެދުނެވެ.

“ޝަބާ، ދެން ނުރޮއެ، އެކަން އެނިމުނީނު، އަހަރުމެން ސިއްރު ކުރިޔަސް، އެކަމެއް އެނގެން އޮތް ގޮތަކަށް އެކަން ފަޅާއަރާނެ، އެއީ އަހަރުމެންގެ އަތުގައި އޮންނަ ބާރެއް ނޫނެންނު، ތިހެން ދެރަވެގެން އުޅުނީމަ ބޭބީވެސް ދެރަވާނެ، ޝަބާ އާއި ބޭބީ އާއި ދެރަވެގެން އުޅެންޏާ އަހަރެން ދެރަވާނެ އެންނު، މިހުރިހާ ކަމަކާ އަހަރެންވެސް ދެރަވެޔޭ، ޝަބާ ރޯތީ އަދި ވަކިން ދެރަވޭ… ދެން ހުއްޓާލާފަ އަހަންނަށް ބަލާބަލަ” ނާއިލު ބުނެލިއެވެ. ޝަބާއަށް އެހެން އޮންނާކަށް ނުކުރުނެވެ. ނާއިލު ދެރަވާނެ ކަހަލަ ކަމެއް ކުރަން އޭނާ ބޭނުމެއްނުވެއެވެ. މަޑުމަޑުން ތެދުވެ ނާއިލާއި ހަތަރުކަޅި ހަމަކޮއްލިއެވެ.

“ޔޫ ލުކް ބިއިޓިފުލް، ކަރުނައިގެ ތެރޭންވެސް ތި ދެލޯ ވިދާ ބަބުޅާކަން އެނގޭތަ” ނާއިލު ބަލަން އިނދެފައި ބުނެލިއެވެ. ޝަބާއަށް ލަދުންގޮސް އިސްޖަހާލެވުނު އިރު އޭނާގެ ކޯތާފަތަށް މަޑުމަޑު ރަތްކުލައެއް ވެރިވެގެންދިޔައެވެ. މިއީ ކުރިން ނުވާ އާ ކަމެކެވެ. ނާއިލު މީގެ ކުރިން އެފަދަ ގޮތަކަށް ވާހަކަދައްކާފައެއް ނުވެއެވެ. ޝަބާގެ ހިތްއަވަސް ވާ ގޮތް ވިއެވެ. ލުއިލުއި ކޮށް ހިނިތުންވެލެވުމާއިއެކު އަނެއްކާވެސް ނާއިލަށް ޝަބާ ބަލާލިއެވެ. ސިއްރު ސިއްރުން ބަލާލާ ފަދަ ގޮތަކަށެވެ.

ބަލަހައްޓައިގެން އިނުން ނޫން ކަމެއް ނަވާލަށް ނުކުރެވުނެވެ. އޭރު އެނދުގައި ބަންޑުން އޮތް މޯނާ ބާލީހުގައި މޫނު ފޮރުވާލައިގެން އޮވެ ބާރަށް ރޮމުން ދިޔައެވެ. ގިސްލަ ގިސްލާފައި ރޯއިރު ހީވަނީ މީހާވެސް ރޫޅިދާނެ ހެންނެވެ. ނަވާލުގެ ހިތަށް މޯނާގެ ރުއިމުގެ ސަބަބުން ވަރަށް އަސަރު ކުރިއެވެ. ފުރަތަމަ ފަހަރަށް ހިތުގައި އެއްވެސް އެދުންވެރިކަމެއް ނެތި މޯނާ ގެނެސް އެއަތުގެ ތެރެއަށް ލާން ހިތަށް އެރިއެވެ. މޯނާގެ ގާތުން މާފަށް އެދެން ނަވާލު ބޭނުންވިއެވެ. އެއަންހެން ކުއްޖާގެ މުޅި ހަޔާތުގައި އޮޅުވާލެވުނީތީ އެކަމާއެވެ. ހިތާ ސިކުނޑި ފުރިބަންޑުން ވުމުން އޭގެ އަސަރު ކުރީ ނަވާލުގެ ލޮލަށެވެ. އެލޮލުންވެސް ކަރުނަ ފައިބަމުން ދިޔައެވެ. އެންމެ ފަހުން ކެތްނުކުރެވިގެން ގޭން ނުކުމެގެން ދިޔައެވެ. ވަކި މަންޒިލެއް ނެތިއެވެ. މީހާ ހަމަޖެހިލައިގެން އެނބުރި ގެއަށް އައިސް މޯނާ އާއި ކުރިމަތިލުމަށް ނިންމައިގެންނެވެ.

އަނދިރިކަން ވެރިވެފައި އޮތް ގޯޅިގަނޑެއްގައި ކާރު ޕާކުކޮއްލާފައި އޮތްއިރު އޭގެ ތެރޭގައި އެއްވެސް އަލިކަމެއް ނެތެވެ. ކާރުގައި ޖަހާފައި ހުރީ އެތެރެ ނުފެންނަ ބިއްލޫރިކަމަށްވާތީ ކައިރިން ދާ މީހުންނަށްވެސް އެކާރުގެ ތެރޭގައި މީހަކު އިންކަމެއް ނޭނގެއެވެ. އެހެންނަމަވެސް މުޅި ކާރުތެރޭގައި ވަނީ ރުއިމާއި ގިސްލުމުގެ އަޑު ހަރުލާފައެވެ. ނަވާލުގެ ރުއިމާއި ގިސްލުމުގެ އަޑެވެ. ހުންގާނު ބުރުގައި އަޅުވާލާފައި އޮތް އަތުގައި މޫނު ޖައްސާލައިގެން އިސްޖެހިފައި އޮން އިރު އަނެއްއަތުން ދެލޮލުން ފައިބަމުންދިޔަ ކަރުނަތަ ފޮހެމުންދިޔައެވެ.

“ނަވާލު މީ ކޮންކަހަލަ ކުއްޖެއްތަ، ނުލާހިކު ރަނގަޅަށް އުޅެފަ އެކަހަލަ ވިޔާނުދާ ކަމެއް ކުރަން އުޅުނީ ކީއްވެބާ… ޝަބާއަކީ އެފަދަ ގުޅުމެއް މީހަކު ހިންގަން، ޝައުގުވެރިކަން އުފެދޭ ފަދަ ގޮތަކަށް ހުންނަ ކުއްޖެއްވެސް ނޫން، އެހެންނޫންނަމަތާ ބުނާނީ ޝަބާގެ ވައްޓަފާޅި ހުންނަ ގޮތުންނޭ ނަވާލަށް އެހެން އެވީ” ސަމީރާއަށް ނިދަން އޮތް އިރުވެސް ވިސްނެނީ ނަވާލާއި މެދު އެވެ.

“ސަމީރާ، ދަރިންނެއްކަމަކު ނުބައިވީމަ ކީއްކުރާނީ… އެކަމަކު އަހަންނަށް އެނގޭ މިހާރު ނަވާލު ހުރީ ދެރަވެފަކަން، އޭނާއަށް އެހާ ފަސޭހައިން މާފުކޮއްފި ނަމަ، ކުރެވުނު ކަންތަކުގެ ބޮޑުކަން އިޙްސާސެއް ނުވާނެ، އެހެންވެ އެއްޗެއް ނުބުނެ މޫނު އަނބުރާލީވެސް، ދުވަސްކޮޅެއް ވަންދެން ނަވާލާއި ވާހަކަވެސް ނުދައްކާނަން، ދީފަ އޮތް ކާރުވެސް އަތުލާނަން، ސަމީރާވެސް ނުވާނެ ނަވާލަށް އަހަރެން ނުބުނަނިސް މާފުދީގެން، ސަމީރާއަށް އެނގޭތަ، އަހަރެންގެ ހިތްވެސް ފަސްޖެހުމެއްނެތި ބުނި ޝަބާގެ ކުށެއް މިކަމުގައި ނޯންނާނެއޭ، ޝަބާ މިފަދަ ކަމެއް ނުކުރާނެއޭ… އަހަރެން މިހާރު ހިތަށް އަރާ، އަހަރެންގެ އަންހެން ދަރިއަކު ހުރިނަމަ، އެކުއްޖާ އަކީ ޝަބާ ފަދަ އަންހެން ކުއްޖަކަށް ވާނެ ނަމައޭ، އެކަމަކު އެކަމަށް އެދުމުގެ ކުރިން މިހާރު މިވަނީ އެފަދަ އަންހެން ދަރިއަކު އަހަރުމެންނަށް ލިބިފައި، ބަސްމަދު، ކިޔަމަންތެރި، ހިތްހެޔޮ… ރިވެތި އެންމެހާ ސިފަތައް ލިބިފައިވާ ކުއްޖެއް ޝަބާއަކީ، ވަފިއްޔާގެ އެތިބަ ހުރިހާ ކުދިންނާ ބަލާފަ، އަނެއްކާ އޭނާ އެކުދިންނާއިގެން ނޫޅޭވަރުންވެސް ޝަބާއަށް އެހާ ރަނގަޅު އަޚްލާގެއް ލިބުނީ ކިހިނެއްބާއޭވެސް ހިތަށް އަރާ” ބޯދަށަށް އެއްއަތް ލައްވާލައިގެން އަނެއް އަތް މޭގައި ބާއްވާލައްވައިގެން އޮތް އަސްލަމް ވާހަކަދެއްކެވީ ވިސްނަމުން ކަހަލަ ގޮތަކަށެވެ. ސަމީރާ ލުއިލުއިގޮތަކަށް ހިނިތުންވެލާފައި އަސްލަމްގެ އަތުގައި ފިރުމާލަމުން ގާތްވެލިއެވެ.

“ތީ ތެދެއް… އެއީ އެހެން ދަރިންނަށް ނަމޫނާއަކަށް ފުދޭވަރުގެ ދަރިއެއް، ޝަބާ ހުރީ ވަރިކޮއްފައިކަން ކުރިން އެނގުނީމަ އެއްވެސް އެއްޗެއް ހިތަކަށް ނާރާ، އެކަމަކު މިހާރު ވަރަށް ސުވާލު އުފެދޭ، އެވަރުގެ ރަނގަޅު އަންހެން ކުއްޖަކު ވަރިކުރީ ކީއްވެބާއޭ، އެހިތާމަ ތަކުގެ މައްޗަށް އިތުރު ހިތާމައެއް ބާއޭ، ޝަބާ އާއި ނާއިލުގެ ކައިވެނި ކުރުވުން ވެގެން ދިޔައީ…” ސަމީރާވެސް ޚިޔާލުގެ ތެރެއަށް ގެއްލި އޮވެ ވާހަކަދެއްކިއެވެ.

“ދެން އެވާހަކަތައް ނުދައްކާ ނިދަމާ، އެހެންނޫނީ މިހެން ތިބެވި ދާނެ ދަންވަންދެކަށްވެސް، އޭރުން ދެމީހުން ކުރެ އެކަކަށްވެސް ފަތިސް ވަގުތަށް ނުހޭލެވޭނެ” އަސްލަމް، ސަމީރާ އާއި ވީ ފަރާތަށް އެނބުރިލައްވަމުން ބުނެލިއެވެ.

ރޭގަނޑުގެ އަރާމު ނިދީގައި ޝަބާ އޮތް އިރު ނާއިލުގެ ސިކުނޑީގައިވަނީ ހަވީރު އޭނާއަށް ދިމާވި އާދަޔާއި ޚިލާފު ކަންތަކެވެ. މަޑުމަޑުން އޮވެ އޭނާގެ އަތުގެ އިނގިލިތަކުން އިޝާރާތެއް ކޮއްލެވޭތޯ މަސައްކަތް ކުރިއެވެ. ކުރިއެކޭ އެއްގޮތަށް ޝަހާދަތްއިނގިލި ހަރަކާތްކޮއްލުމާއިއެކު އޭނާވެސް ދިޔައީ ސިއްސައިގެންނެވެ. އުފަލުންގޮސް ހިނިވެސް އާދެވުނެވެ. ދެންވެސް އޭނާ މަޑުމަޑުން އޮވެގެން ފަހަރަކު އިނގިއްޔެއް ތަޅުވާލެވޭ ތޯ މަސައްކަތް ފެށިއެވެ. އެތައް ގަޑިއިރުތަކަކަށް ފަހު މަޑުމަޑުން ހަމަ އެއަތުގެ ބޮޑުވައި އިނގިލި ކުޑަކުޑަކޮށް ހަރަކާތްކޮއްލައިފިއެވެ. ލިބުނު އުފަލެއް ބަޔާންކުރަންވެސް ނާއިލަށް ދަތިވިއެވެ. އެހެންނަމަވެސް ނާއިލު ނިންމީ އެކަން އެއްވެސް މީހަކަށް ނާންގާށެވެ. އަދި ހިތުގައި އަޒުމު ކަނޑައެޅީ، މިހާރަށްވުރެވެސް ބޮޑަށް ރަނގަޅުވާން މަސައްކަތް ކުރުމަށެވެ. ކަސްރަތުތައް ކުރުމުގައި ގިނަ ވަގުތު ހޭދަކުރުމަށެވެ.

މޯނާއަށް ހޭލެވުނު އިރު ކޮޓަރީގައި ހުރި ކުޑަ ސޯފާމައްޗަށް ނަވާލު ދެމިފައި އޮތެވެ. އޭނާގެ އިސްކޮޅު ނުލިބުމުގެ ސަބަބުން އެއްފައި އޮތީ ސޯފާއިން ބޭރުގައެވެ. އަނެއްފައި އޮތީ ސޯފާގެ އަތްގަނޑުގައި އަޅުވާލައިގެން ފައި ބޭރަށް ދިއްކޮއްގެންނެވެ. އެހާ އުނދަގޫ ގޮތަކަށް އޮތް އިރުވެސް ނަވާލު ހީވަނީ ގަދަ ނީދީގައި އޮތް ހެންނެވެ. މަޑުމަޑުން މޯނާ ތެދުވެ ފާޚާނާއަށް ވަދެފައި ނުކުތެވެ. އަދި ގަޑިން ވީއިރު ބަލާލަން ހަނދާންވީ ދެނެވެ. އޭރު ހެނދުނު ހަތެއްޖަހައިފިއެވެ. ރޭގައި ނުކައި ހުރުމުގެ ސަބަބުން މޯނާ ހުރީ ވަރަށް ބަނޑުހައިވެސް ވެފައެވެ. އެކަމަކު ކޮޓަރިން ނުކުތުމުގެ ކުރިން އޭނާ ލައްކަ ފަހަރު ވިސްނިއެވެ. އެއްވެސް މީހަކަށް ފެންނާކަށް އޭނާ ބޭނުމެއްނޫނެވެ. ކަންތައްވީގޮތުން ޝަރުމީލާ އާއިވެސް ވާހަކަދައްކާކަށް މޯނާ ބޭނުމެއްނުވިއެވެ.

ފެންވަރާ ރީތިވެލައިގެން ދަބަހަށް ދެތިން ހެދުން ލައިގެން މޯނާ ގެއިން ނުކުތީ އޭނާގެ އަމިއްލަ ގެއަށް ދިއުމަށެވެ. އެއްވެސް މީހެއް ކައިރީ ބުނެލުމަކާއި ނުލައެވެ. ހެނދުނު ސަޔަށް ނާއިލު ތައްޔާރު ކުރަން އުޅުނު ޝަބާއަށް ހަލުވިކޮށް ބޮޑުކޮޓަރީގެ ދޮރުން ނުކުމެގެން ދިޔަ މޯނާ ފެނުނެވެ. އިރުކޮޅަކު އެދިމާލަށް ބަލަން ހުރެފައި އެނބުރި ކޮޓަރިއަށް ވަނެވެ.

“ނާއިލު، އަހަންނަށް ހީވަނީ މޯނާ ގޭން ނުކުމެގެން ކަންނޭގެ އެދިޔައީ” އެނދުގައި އޮތް ނާއިލަށް ބަލާލަމުން ޝަބާ ބުނެލިއެވެ.

“އަޅާނުލާ، ޝަބާ އެމީހުންގެ ކަންތައްތަކަށް އަޅާލާނެ ކަމެއް ނެތް، ފެންނަ ކަމަށްވެސް ހަދާނެކަމެއްނެތް” ނާއިލު ފޫހި ގޮތަކަށް ބުނެލިއެވެ.

ހެނދުނުގެ ސައި ނިމިގެން ދިޔައިރު ކާމޭޒުމަތިން ނަވާލާއި މޯނާއެއް ނުފެނުނެވެ. އެކަކުވެސް އެމީހުންގެ ވާހަކައެއް ނުދައްކައެވެ. މިއަދު ސަމީރާއަށްވެސް ޝަބާ އާއި އަނގައިން ބުނާކަށް ނުކުރެނެވެ. އެއްޗެއް ބުނަން އުޅޭއިރަށް ސަމީރާގެ ހިތަށް އަރަނީ ޝަބާ އެ ޢާއިލާ އާއި މެދު ދެކޭނޭ ގޮތެވެ. ނަވާލުގެ ސަބަބުން ސަމީރާ އިނީ ލަދުގަނެ ވަރަށް ދެރަވެފައެވެ. ޝަބާވެސް އެއްޗެއް ނުބުނެ ސައި ނިންމާލާފައި ނާއިލާއި މީކާ އާއިއެކު އެތަނުން ނުކުމެގެން ކޮޓަރިއަށް އަތުވެއްޖެއެވެ.

ހެނދުނު އެގާރަ ޖަހާކަން ހާއިރު ސަމީރާ، ޝަބާ ހޯދާކަމުގައި ބުނެ ލީލާ އައިސް ޝަބާއަށް ގޮވިއެވެ. ކަންބޮޑުވެފައި ހުރެވެސް ޝަބާ ސަމީރާގެ ކޮޓަރިއަށް ދިޔައީ އެއީ ނާއިލުގެ މަންމައަށް ވީތީ ކުރާ ޤަދަރެއްގެ ބޮޑުކަމުންނެވެ. އަނެއްކޮޅުން ސަމީރާއަކީ ހެޔޮ މައެއްކަން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ޝަބާއަށް އެނގޭތީއެވެ.

“ދޮރު ލައްޕާލާފައި އާދޭ އެތެރެއަށް” ޝަބާގެ އިންތިޒާރުގައި އިން ސަމީރާއަށް ކޮޓަރިއަށް ވަނުމުގެ ހުއްދައަށް ޝަބާ އެދުނު އަޑާއިއެކު ބުނެލިއެވެ.

“ދަރިފުޅަށް މިގޭގަ އުޅެން އުނދަގޫތަ” ސަމީރާގެ ގާތުގައި ޝަބާ ބޭންދުމަށްފަހު އިރުކޮޅެއް ފަހުން ބުނެލިއެވެ. އެއާއިއެކު ޝަބާ ދެފަރާތަށް ބޯހޫރާލީ ނޫނެކޭ ބުނުމަށެވެ.

“ނަވާލު ކުރިކަމަކުން މަންމަ މިވަނީ ވަރަށް ބޮޑަށް ލަދުގަނެ ދެރަވެފަ، ދަރިފުޅުގެ ހިތަށް އަދި ކިހާ އަސަރު ކުރާނެކަން މަންމައަށް ވިސްނޭ، އެހެންވެ މިވާހަކަ ދައްކަން އުނދަގޫވެގެންވެސް މިއުޅެނީ، ދަރިފުޅާ ޝަބާ، ނަވާލަށް މާފުކުރުން އޮތީ ހަމަ ޝަބާގެ އަތްމަތީގަ، މަންމަ އެކަން މި ދޫކޮއްލަނީ ޝަބާއަށް، ޝަބާ ބޭނުން ސަޒާއެއް ނަވާލަށް ދޭންވީ، މި މަންމަ އެއްވެސް ޝަކުވާއެއް ނުކުރާނަން އެކަމަށް، މިގެއަށް ޝަބާ އައި ދުވަހުން ފެށިގެން ތީވެސް މަންމަގެ ދަރިއެއް މިހާރު، އެހެންވީމަ މަންމައަށް ބުނެދީ، ނަވާލަށް ދަރިފުޅު ދޭން ބޭނުންވަނީ ކޮންކަހަލަ ސަޒާއެއް” ސަމީރާ ބުންޏެވެ. އެހެންނަމަވެސް ޝަބާ އެއްޗެއް ނުބުނެ މަޑުމަޑުން އިނީ އިސްޖަހާލައިގެންނެވެ. ސަމީރާ، ޝަބާގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން އޭނާ އާއި ދިމާލަށް ޝަބާގެ މޫނު އަނބުރާލިއެވެ.

“ޝަބާ އެއްޗެއް ނުބުނަން ތިއިނީ ކީއްވެތަ” ސަމީރާ ސުވާލު ކުރިއެވެ.

“މަންމާ، ނަވާލު ދެރަވެފައި ހުރިވަރު އަޅުގަނޑަށް ނާއިލު ކިޔާދިން، އޭނާވެސް ޤަބޫލެއް ނުކުރޭ އެއީ ހަޤީޤަތެއް ކަމުގައި، އެކަމަކު އަޅުގަނޑުގެ ވިސްނުން ހުރީ އެހެންނެއްނޫން، ފަހަރެއްގަ މި ޢާއިލާގެ ހުރިހާ މެންބަރުންނާއި އަޅުގަނޑު ޚީޔާލާ ތަފާތު ވެދާނެ، އަޅުގަނޑަށް ހީވަނީ ނަވާލު މިހާރު އެހެރީ ވަރަށް ދެރަވެފަހެން، އަޅުގަނޑު ބޭނުމެއްނޫން އެކަކަށްވެސް އަދަބެއް ދޭކަށް، ކޮންމެ މީހަކަށްވެސް ފަހުންވިޔަސް، ހެޔޮ ވިސްނިއްޖެއްޔާ އެނިމުނީ، ނަވާލުވެސް އަޅުގަނޑުގެ ގާތަށް މާފައިގެން އަންނަން ފުރުޞަތު ދީގެން މިހުންނަނީ، ހެޔޮ ހިތަކާއިގެން ބަދަލުވެފައިވާ ނަވާލެއް އަޅުގަނޑުގެ ގާތަށް މާފަށް އެދިގެން އައިސްފި ނަމަ އަޅުގަނޑު ހެޔޮ ހިތުން އޭނާއަށް މާފު ކުރާނަން، އަދި އަޅުގަނޑު ނުދެކެން މޯނާ އެކުރީ އަޅުގަނޑުގެ ފަރާތުން މާފަށް އެދޭވަރުގެ ކަމެއް ކަމަކަށް، ކުއްހީއެއްގެ ސަބަބުން ކިތަންމެ ބަޔަކަށް ހަޤީޤަތް އޮޅޭ، މިހާރު އޭނާވެސް ހުންނާނީ ވަރަށް ދެރަވެފަ، އަނެއްކާ އަޅުގަނޑު ބޭނުމެއްނޫން އެދެމީހުން ދުރުވާކަށް، ކިހާ ދުވަހެއްތޯ މިވަނީ މޯނާ އާއި ނަވާލު އެކުގައި އުޅޭތާ، އެހާ ގިނަ ދުވަސްވީ ކައިވެންޏެއް ރޫޅިގެންދާކަށް އަޅުގަނޑު ބޭނުމެއްނޫން… މަންމާ… އަޅުގަނޑަށް ހީވަނީ މޯނާ ގޭން ނުކުމެގެން ދިޔައީހެން، އެހެންޏާ ފެންނަ ގޮތަކަށް ނޫން މިއަދު ހުރީ، ކޮނޑުގައި އަޅުވާ އަތްދަބުގެ އިތުރުން ދަބަހެއް އޭނާގެ އަތުގައި އޮތް، އެއީ އަންނައުނު އަޅާ ކަހަލަ ދަބަހެއްކަން އަޅުގަނޑަށް ޔަގީން، މަންމަ މޯނާ އާއި ވާހަކަ ދައްކަންވީނުންތޯ، އެނގޭ މީ އަޅުގަނޑާ ބެހޭ ކަމެއްވެސް ނޫންކަން، އެކަމަކު އެއްކޮށް އުޅުނު ޢާއިލާއެއް ބައި ބައި ވެގެން ދާތަން ދެކެން ހުރުމަކީވެސް ޚައްލެއް ކަމުގައި އަޅުގަނޑު ނުދެކެން، އެހެންވެ މަންމަ ގާތު މިބުނެވުނީ” ޝަބާ އިނީ ކަންބޮޑުވެ ހާސްވެފައެވެ. އޭނާގެ ވާހަކަ އާއި ސަމީރާ ނުރުހިދާނެއޭ ހިތާއެވެ.

“އެދެ ކުދިންނަށް މަންމަ ހަދާނީ ވަކި ކިހިނެއް، އެއްޗެއް ބުންޏަސް ޤަބޫލު ކުރާނެނަމަތާ ވާހަކަވެސް ދެއްކޭނީ، އެހެންނޫނަސް ބައްޕަ އޮތީ މަނާކޮއްފައި ނަވާލާއި ވާހަކަދެއްކުންވެސް، ބުނީ ދުވަސްކޮޅަކަށް އޭނާ ބާކީ ކޮއްލާފައި ބަހައްޓާށޭ” ސަމީރާ ދެރަވެފައި އިނދެ އިސްޖަހާލަމުން ބުނެލިއެވެ.

“ބައްޕަގެ ނިންމެވުމާއި ޚިލާފުވާކަށް ނުވާނެ، ދެން ދުވަސްކޮޅަކަށް ބަލަމާ ހިނގާ” ޝަބާ ބުނެލިއެވެ.

ސަމީރާގެ ކޮޓަރިން ނުކުމެގެން އައިސް ޝަބާ އޭނާގެ ކޮޓަރިއަށް ވަނުމާއިއެކު ނާއިލު އެކިއެކި ސުވާލުތައް ކުރަން ފެށިއެވެ. ސަމީރާ އާއިއެކު ދެއްކި ހުރިހާ ވާހަކައެއްހެން ޝަބާ ނާއިލަށް ކިޔާދިނެވެ. ޝަބާގެ ރަނގަޅުކަމުން ނާއިލު އޮތީ ވަރަށް ހިތްހަމަ ޖެހި އުފާވެފައެވެ. ޝަބާ، ނަވާލާއި މޯނާ އާއިމެދު ވިސްނާވަރު އެނގިވެސް އެކަމަށް ނާއިލު ފާޑެއް ނުކިއެވެ. އޭގެ ބަދަލުގައި އޭނާ ޝަބާއަށް މޯނާގެ ވާހަކަތައް ކިޔާދިނެވެ. މޯނާގެ މިޒާޖު ހުންނަ ގޮތެވެ.

* * * *

ފާއިތުވެގެން ހަތަރު މަސް ދިޔައިރު މިހާރު ޝަބާގެ ބަނޑަށް ހަމަހެވެ. އެހެންނަމަވެސް އޭނާއަކީ ހަރަކާތްތެރި އަންހެން ކުއްޖެކެވެ. މިހާރުވެސް ނާއިލުގެ ގައިގާ ތެޔޮ ދަމާ ކޮންމެ ވަގުތަކުހެން އޭނާ ކޮޅަށް ޖަހާ ހަދަނީ ޚުދު ޝަބާ އެކަނިމާ އެކަންޏެވެ. އެއްވެސް އުނދަގޫތަކެއް ކުރިމަތިނުވެ ޝަބާ ބޭނުންވާ ހުރިހާ ކަމެއް ކުރަމުން އެނާ ދިޔައެވެ. ބޭރަށް ނުކުމެފައި ހުރި ބަނޑުގެ ސަބަބުން ޝަބާގެ ހެނދުންތައް ބާރުވެފައި ހުއްޓަސް އޭނާ އެކަމާ އަޅާނުލީ ނާއިލު ގާތު ބުނަން ނުކެރިގެންނެވެ. ވަޒީފާ އިން ކެނޑުނު ފަހުން އޭނާއަށް މުސާރަ ނުލިބޭތީވެ އަމިއްލަ ކަންތައްތަކަށް ޚަރަދުކުރާނެ ފައިސާއެއް ޝަބާގެ އަތުގައި ނުހުރެއެވެ. ރީތިވާ އެއްޗެހި ގަންނަނީ ނާއިލުގެ އެއްޗެހި ގަންނައިރު އޭނާ ނަގާށޭ ބުނީމައެވެ. އަމިއްލަ އަށް އިސްނަގާ އެއްޗެއް ބޭނުންވެގެން ބުނަން އަދިވެސް ޝަބާއަށް ހަމަ ނުކެރެނީއެވެ. ހެދުންތައް ބާރުވެފައި ހުރިތަންވެސް ނާއިލަށް ފެނުމުން އެކަން އޭނާ އެންގީ ސަމީރާއަށެވެ. ޝަބާ ގޮވައިގެން ގޮސް އޭނާއަށް ކަމުދާ ކަހަލަ ފޮތިން ކަމުދާ ގޮތަށް މާބަނޑު ހެދުން ފަހާދިނުމަށެވެ. ނާއިލުގެ އަޅާލުން ލިބޭލެއް ބޮޑުކަމުން ޝަބާގެ ހިތުގައި ނާއިލަށް ވަނީ ޚާއްޞަ މަޤާމެއް ދެވިފައެވެ. މަޑުމަޑުން ނާއިލަށް އެހިތް ގޮވާކަން ޔަގީނެވެ. އެހެންނަމަވެސް އެފަދަ އެއްވެސް ކުލުނެއް ބޭރަށް ފާޅުކުރަން ޝަބާ ބިރުގަނެވެ.

“ވާހަކައެއް ބުނަން ބޭނުން” ޝަބާ މަޑުމަޑުން އިނދެފައި ބުނެލިއެވެ.

“އަވަހަށް ބުނޭ، ޝަބާގެ އަޑު އަހާލާ ހިތުން މިއިންނަނީ” ނާއިލު ސަމާސާ ރާގެއްގައި ބުންޏަސް އޭނާ ހާމަ އެކުރީ އޭނާގެ ހިތުގައި ވާގޮތެވެ.

“އެއްމާބަނޑު ދެކުދިންނޭ ޑޮކްޓަރ ވިދާޅުވިފަހުން އަހަރެން ވަރަށް ކަންބޮޑުވޭ، ނާއިލަށް މެޑިކަލް ކަންތައްތައް އެނގެ އެންނު ދޯ، ބުނެބަލަ، ދެކުދިންވީމަ ވަރަށް އުދަނގުލުންތަ ވިހޭނީ، އެއްކުއްޖަކު މަރުވުމުގެ ޗާންސް އޮންނާނެތަ…” ބަނޑުބޮޑުވީއްސުރެންވެސް އަދި އޭގެ ކުރިންވެސް، މާބަނޑުވުމާއި ބެހޭ އެއްވެސް މަޢުލޫމާތެއް ބަލާލުމުގެ ފުރުޞަތެއް ނުލިބިފައި ހުރި ޝަބާ އެހިއެވެ.

“މައި ސްވީޓް ވައިފް، ތިހާ ހާސްވާންޖެހޭ ވަރުކަމެއް ނޫނޭ އެއީ، ޝަބާއަށް އެނގެއެންނު އަންހެނަކު އެންމެ ކެތްތެރިވާންޖެހޭ ވަގުތުތަކުގެ ތެރެއިން އެއްވަގުތުކަން އެއީ، ދެކުދިން ވިހެއުމާ އެއްކުއްޖަކު ވިހެއުމާ ވަރަށް ކުޑަކުޑަ ތަފާތެއް ހުންނާނީ، ވަކި ބޮޑަކަށް ތަދެއްވެސް ނުވާނެ، ބޭބީސް ހެލްތީ އާ އިތުރު ކަމެއް ދިމާވުމުގެ ރިސްކެއް ނޯންނާނެ، ސޯ ޑޯންޓް ވޮރީ މައި ޑިއަރ، އިރާދަކުރެއްވިއްޔާ އަހަރުމެންގެ ބޭބީސްއަށް އެއްވެސް ކަމެއް ނުވެ ސަލާމަތުން މިދުނިޔެއަށް އުފަންވާނީ، އަހަންނަށް އެނގޭ ޝަބާއަކީ ވަރަށް ކެތްތެރި އަންހެން ކުއްޖެއްކަން، ވަރަށް ހިތްވަރުވެސް ގަދަވާނެކަން، އިރާދަކުރެއްވިއްޔާ ޝަބާގެ ވިހެއުންވެސް ފަސޭހަވެގެން ދިއުން އަހަރެންވެސް އެދެނީ” ނާއިލުގެ އޯގާތެރިކަން ޝަބާގެ ހިތުގެ އުދާސްތައް ފިލުވާލިއެވެ.

“ދެން އަދި އެއްކަންތައް، އަހަރެން މޯނާ މެންގެއަށް ދިޔަޔަސް އެންމެ ރަނގަޅުތަ” ޝަބާ ބުނި އެއްޗަކުން ނާއިލު ސިހުނެވެ.

“އެ ކީއްކުރަން” ނާއިލަށް ބުނެވުނެވެ.

“މަންމަވެސް މިހާރު ހުންނަނީ މޯނާ ގެއަށް އަންނާނެ ދުވަހެއް ދެކެން ބޭނުންވެފަ، އަހަރެންވެސް ބޭނުން ވިހަން ވާއިރަށް މޯނާ ގެއަށް އަންނަން، އެކަމަކު ނަވާލާއި މޯނާ އެތިބެނީ ހަމަ އެހެން، ދެމީހުން ކުރެ އެކަކުވެސް ކުރިއަށް ފިޔަވަޅެއް އަޅާނަމޭ ހިތަށްވެސް ނާރާ، މަންމަ ވަރަށް ގިނައިން އެވާހަކަ ދައްކާ މިހާރު، ޕްލީޒް ނާއިލު… ނުބުނެ ނުދާންވެގެން މި އެހީވެސް”  ޝަބާ އާދޭހުގެ ގޮތަކަށް ބަލާލިއެވެ. ނާއިލަށް ޝަބާގެ އެބަލާލުމަށް ކެތެއް ނުވިއެވެ. ނުރުހުނަސް ޝަބާ އެދޭ ކަމެއް އޭނާއަށް ކޮއްދެވެނީ ޝަބާދެކެ އޭނާއަށް ލޯބިވެވިފައި ވާތީއެވެ. ދުނިޔޭގެ އެއްވެސް އުފަލަކަށްވުރެވެސް ބޮޑަށް ޝަބާގެ އުފާވެރިކަން ނާއިލަށް މިހާރު މުހިންމެވެ.

“މަންމަ އެދެނީ ތިގޮތްތަ، ދެން ދޭބަލަ… އެކަމަކު ބުނަން، މޯނާ ނުރުހިފައި ހުރިއްޔާ އޭނާ ރުއްސަން މާބޮޑަށް އުޅޭނެ ކަމެއްނެތް، ދެން ބުނަން، ހިނގާފައެއް ނޫން ދާނީ، އެހާ ހޫނު ގަދަ ވާނެ މިގަޑީގަ، މަގުމައްޗަށް ނުކުންނަން ވާނީ ފެންފުޅިއެއްވެސް ހިފައިގެން… ދެން ގިނައިރު ނުކޮށް އަނައްޗޭ” ނާއިލު ބުންޏެވެ. ހިނިތުންވެލި ޝަބާ ތެދުވެ ހިނގައިގަތުމާއިއެކު އަނެއްކާވެސް ނާއިލު ގޮވާލިއެވެ.

“ޕްލީޒް ބަލައިގެން އުޅެއްޗޭ، މީކާ ގޮވައިގެން ދާންވީނު” ނާއިލަށް ބުނެވުނެވެ. އޭނާ ޝަބާ އެކަނި ދާން ދޫކޮއްލަން ކަންބޮޑުވަނީއެވެ.

“އަހަރެން ބަލައިގެންނޭ އުޅޭނީ، މިހާރު ނާއިލު ތި ހާސްވަނީ، މީކާ، ނާއިލު ގާތު ބަހައްޓާ” ޝަބާ އައިސް ނާއިލުގެ ފައިގައި ފިރުމާލަމުން ބުންޏެވެ. އަދި ކޮޓަރިން ނުކުންނަމުން މީކާއަށް ގުޅާފައި ނާއިލުގެ ގާތަށް އައުމަށް ބުންޏެވެ.

“ޢައްސަލާމް ޢަލައިކުމް” ޝަބާ ސަލާމް ގޮވާލިއެވެ.

“ކީއްކުރަން މިގެއަށް ތިއައީ” ރުންކުރު ގޮތަކަށް ލޯއަޅާލަމުން މޯނާ ބުނެލިއެވެ.

“މިއައީ މޯނާ އާއި ވާހަކަދައްކާލަން ވެގެން، މިހާރު ގޭގައެއްނޫންވިއްޔަ ތިއުޅެނީ، އެހެންވީމަ މޯނާ އާއި ވާހަކަދައްކަން ބޭނުންވީމަ އަންނަން ޖެހޭނީ މޯނާ އުޅޭތަނަކަށްނު” ޝަބާ ބުންޏެވެ.

“ޝަބާ ނުޖެހޭނެ އަހަރެން ހޯދަން މިގެއަށް އަންނާކަށް، އެހެންނޫނަސް ޝަބާ އަހަރެން ގާތު ދައްކަން ޖެހޭ ވާހަކައެއް ނޯންނާނެ” ކޮޅަށް ހުރި މޯނާ ބުންޏެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *