THEE QADAR DHEVE INSAANAKEE [PART 12]

“ކިހިނެއްވީ، ހެނދުނުވީތަ” ވަރުބަލި ކަމާއިއެކު ނާއިލު އަހާލިއެވެ. އޭނާއަށް ހީވީ ނިދުނީ ދެންމެ ހެނެވެ. އެހެންވެ އެހާ އަވަހަށް ތެދުވަން ޖެހުމުން އޭނާ އޮތީ ކަންނެތްވެފައެވެ.

“މިއުޅެނީ ފަތިސްނަމާދަށް އަރަން، ރަނގަޅުގޮތުގައި ދުވަސް ފެށުމަށް މީ އެންމެ ފުރަތަމަ ކަންތައް، އަހަންނާއިއެކު ބައިވެރިއެއްނުވާނަންތަ” ނާއިލު ލޯ ހުޅުވާލުމުން ޝަބާ ބުނެލިއެވެ.

“މިހާރު އެހާއިރު ވެއްޖެތަ، ކުރުން ދޯ ރަނގަޅު ގޮތަކީ، އޯކޭ… މި ހޭލީ” ނާއިލަށް ހީވީ ވަރަށް ބުރަ ކަމެއް ކުރަން ޖެހުނުހެންނެވެ. މޫނަށް އެކި ވައްތަރުތައް ޖެއްސުމަށްފަހުވެސް އޭނާ އެއްބަސްވީއެވެ.

ނާއިލާއި ޝަބާގެ ދިރިއުޅުން މުޅިން އާފެށުމަކުން ފެށުނީއެވެ. ދެފަރާތަށް ދެވިފައިވާ ފުރިހަމަ އިތުބާރާއިއެކުއެވެ. ހެނދުނުގެ ނާސްތާގައި އެންމެން ބައިވެރިވިއިރު މިއަދު ނާއިލުގެ އެންމެ ގާތުގައި އިނީ ޝަބާއެވެ. އެދެޒުވާނުންގެ މޫނުމަތިން ތަފާތުކަމެއް ފާހަގަ ކުރެވުނީ ހަމައެކަނި ނަވާލަށެވެ. ސަމީރާއަށް އެދެކުދިން އެކުގައި ފެނުންވީ އާދައިގެ ކަމަކަށެވެ. އެހެންނަމަވެސް ނަވާލުގެ މޫނުމަތިން ފެންނަނީ ހައިރާންކަމެވެ. ނާއިލުގެ ނަޒަރު ޝަބާ އާއި ބައްދަލުވާ ހިނދު އެދެމެދަށް ވެރިވެގެންދާ ހިނިތުންވުން ނަވާލަށް ކަމެއް އަންގައިދޭން އުޅޭކަހަލައެވެ.

“ބައްޕާ، އަޅުގަނޑު ބޭނުންވަނީ ވީހާވެސް އަވަހަކަށް މާލެދާން، މިރަށުގައި އިތުރު ދުވަސްތަކެއް މަޑުކުރާކަށް ބޭނުމެއްނޫން، އެކަމަކު ދިއުމުގެ ކުރިން ރަޒިއްޔައްތަ އާއި ބައްދަލުކޮއްލަން އަޅުގަނޑު ބޭނުން” ނާއިލު ގަސްދުކޮއްފައިވާ ގޮތް ކާމޭޒު ދޮށުގައި ތިބި އެންމެނަށް އަޑުއިވޭނޭހެން ހާމަކޮއްލިއެވެ.

“ދަރިފުޅާ، ހިތްވަރު ކުރަންވާނެ… ” އަސްލަމް ހީކުރެއްވީ ދަރިފުޅަށް ލިބިފައިވާ މާޔޫސްކަމުގައި ކަތިފިޔަވަޅެއް އެޅުމަށް ވިސްނަނީކަމުގައެވެ. އެހެންނަމަވެސް އޭނާގެ ވާހަކަ މެދުކަނޑާލީ އަނެއްކާވެސް ނާއިލެވެ.

“ބައްޕާ، އަޅުގަނޑު މާލެ ގޮސްފަވެސް ފިޒިއޯ ހަދަން ދާނަން، އަދި އިރާދަކުރެއްވިއްޔާ އަޅުގަނޑު ރަނގަޅުވާނެ، އަޅުގަނޑު ކޮޅަށްހުއްޓަ ހުރިހާ އެންމެނަށް އަދި ފެންނާނެ، އަޅުގަނޑު ހިތްވަރުކުރާނަން، އެކަމަކު މިތަނުގައި ހުންނަން މިހާރު ބޭނުންނުވަނީ، ބޭނުންވަނީ އަމިއްލަ ގޭގައި ހުރެގެން ހުރިހާ ކަމެއް ކުރަން، ރަޒިއްޔައްތަ ވަނީ ޝަބާއަށް ވަރަށް މޮޅަށް ތެޔޮދަމަންވެސް ދަސްކޮއްދީފަ، ރަޒިއްޔައްތަވެސް ބުނި، ކަސްރަތުތައް ބަރާބަރަށްކޮށް ތެޔޮދަމަން ފެށުމުން އިރާދަކުރެއްވިއްޔާ މިކަން ރަނގަޅުވެދާނެކަމުގަ” ނާއިލުގެ އުންމީދުން ފުރިގެންވި ވާހަކަތައް އަޑުއިވިފައި ސަމީރާ އުފަލުން ރޯން ނުފެށީ ކިރިޔާއެވެ.

“މަންމަ ވަރަށް އުފާވެއްޖެ، އަސްލަމް، ނާއިލު ބޭނުންވާ ގޮތަށް ފުރުން އަވަސް ކުރަން ފެނޭ” ސަމީރާ، ނާއިލުގެ ނިންމުމަށް ބާރުދިނމުގެ ގޮތުން ބުނެލިއެވެ.

ހެނދުނުގެ ނާސްތާ ނިމުނުއިރު އެންމެ އަވަހަށްވެސް ފުރަން ހަމަޖެހުނީ ހޮނިހިރު ދުވަހުގެ ރޭގަނޑެވެ. އޭރު އަދި ގަޑިއެއް ހަމައެއް ނުޖެހެއެވެ. މިއިން އެއްވެސް ކަމަކަށް ބަހެއް ނުކިޔައި ނަވާލު ދިޔައީ އޭނާގެ ކޮޓަރިއަށެވެ. އޭރު އޭނާގެ ފޯނަށް ރާއްޖޭން ބޭރު ނަންބަރަކުން ގުޅާފައި އޮތެވެ. އިރުކޮޅަކު ފޯނަށް ބަލަހައްޓައިގެން ހުރީ އެއީ މޯނާގެ ކޯލަކަށް ނޫނީ ނުވާނެކަން އެނގޭތީއެވެ. ގުޅަން ބޭނުންނުވެފައި ހުރެވެސް ނަވާލު އެނަންބަރަށް ގުޅީ ކޮން ޚިޔާލެއްގައި ހުރެކަމެއްނޭނގެއެވެ.

“ހެލޯ… ނަވާ…” ނަވާލުގެ ކަންފަތުގައި އެޖެހުނީ މީގެ އެތަކެއް އަހަރުތަކެއް ކުރިން އޭނާގެ ހިތް އެ އަންހެން ކުއްޖަކަށްޓަކައި ހުސްކޮއްލެވުނު ފަރާތުގެ ޖާދުވީ އަޑެވެ. އަދިވެސް އެ ހިތްގައިމުކަން އެކުލެވިފައިވެއެވެ. އެއްވެސް ބަދަލެއްނާދެއެވެ. ނަވާލަށް މަޑުމަޑުން ހޫން ލައްވާލެވުނެވެ.

“ވަޓް ދަ ހެލް ނަވާ، މޫންތަ އައިފަހުން ރުއިން ނޫންކަމެއް ނުކުރޭ، ނަވާ ތިއުޅެނީ މޫންތަ ޑިވޯސްކުރަންތަ، ކީކޭ ހިތަށް އަރައިގެންތަ ކުއްލިއަކަށް މޫންތައާ މެރީ ކުރީ، އެހެންނޫނަމަ މިއަދު ޑީވޯސްކުރާކަށް ނުޖެހުނީ ހެންނު، އެހާ ބޮޑު ދެރައެއްދޭން ނަވާ އުޅޭއިރު މޫންތަގެ ކުށަކީ ކޮބާކަން ނިކަން އަހަރެން ގާތުވެސް ބުނެބަލަ، ނަވާއަށް ހަމަ ރަނގަޅަށް އެނގޭނެ މޫންތަ ނަވާދެކެ ލޯބިވާވަރު، އަހަންނަށް ޔަގީން މޫންތަ އެފެއަރއެއް ނުހިންގާނެކަން، އަނެއްކާ ނަވާއަށް މޫންތައަށްވުރެ ރަނގަޅު އަންހެން ކުއްޖެއް ލިބުނީތަ، ވަރަށް ފޫހިވޭ އެހެން އުޅޭ ފިރިހެނުންދެކެ” މަނާރު ހުރީ ވަރަށް ރުޅި ގަދަވެފައިކަން އޭނާގެ އަޑުން ނަވާލަށް ދޭހަވިއެވެ. އެހެންވިޔަސް އޭނާއަށް ހުރެވުނީ މަނާރު ކިޔާނެ އެއްޗެއް ކިޔާ ނިމެންދެން އާގަމަ އަރާފައި ކަންފަތުގައި ފޯނު ޖައްސާލިގޮތަށެވެ.

“ނަވާ، އާރ ޔޫ ދެއަރ… އައެމް ޓޯކިން ޓު ޔޫ… ނަވާ، އަނގައިން ބުނެބަލަ، ކީއްވެތަ މޫންތައަށް ތިހެން ކަންތައްތިކުރަނީ، ހުރީ ދުވަހަކުވެސް ނުގުޅަން، އެކަމަކު މޫންތަ މިކޮޅަށް އައިސް އުޅެނީ މޮޔައެއްހެން އާވާރާވެގެން، ދިވާނާވެފައި ހުރި މީހަކު ފަދައިން ރޮއެ ރޮއެފައި ކިޔަނީ ނަވާ އޭނާ ވަރިކުރަން ކަންނޭގެ އޯ އުޅެނީ، ނަވާ އޭނާދެކެ ލޯތްބެއް ނުވެޔޯ، އެއްޗެކޭ ބުނެބަލަ ނަވާ” މަނާރު އަނެއްކާވެސް ވާހަކަދެއްކިއެވެ.

“މަނާރް… ކިހިނެއްތަ…” ނަވާލު ފޯނުން މަނާރާއި ވާހަކަދެއްކި ގޮތުން ހީވީ ދާދި ދެންމެއަކާ ޖެހެންދެންވެސް މަނާރު ފޯނުން ކީއެއްޗެހި އޭނާއަށް އަޑުނީވުނީ ހެންނެވެ.

“އަހަރެންގެ ހާލު ބުނެދޭކަށް ނޫނޭ މިގުޅީ، އެކަން ނަވާލަށް ނޭނގިގެންތަ ހަމަ ތިހެން ތިއަހަނީ” މަނާރުގެ ރުޅިގަނޑު ފިލާކަށް ނޫޅެއެވެ.

“އެކަން އެނގެޔޭ، މޯނާގެ ވާހަކަ ނުދައްކާކަށް އަހަރެން ނޫޅެމޭ، ކިތަށް އަހަރު ފަހުންތަ މަނާރު ތިގުޅީ، އެހެންވީމަ ހާލު އަހާލުމަކީ މައްސަލައެއް ނޫނެންނު” ނަވާލު އާދައިގެ ގޮތަކަށް ބުނެލިއެވެ.

“އައި އެމް އޯކޭ، ދެން ބުނެބަލަ… މޫންތަ އާއި ނަވާ އާއި ތިއުޅެނީ ކޮންމައްސަލައެއް ޖެހިގެންތަ” ކުއްލިއަކަށް މަނާރުގެ އަޑުބަދަލުވިއެވެ. ހަރުކަށިކަން ކެނޑި އާދައިގެ ރާގެއްގައި ވާހަކަދައްކަން ފެށިއެވެ.

“އަހަންނަށް އެނގިފަ އޮތްކަމެއްނޫން ތީ، އޭނާ އަމިއްލައަށް މަނާރުގެ ގާތަށް ގޮސްގެން އެއުޅެނީ، އޭނާ ތިކޮޅަށް ދާން ބޭނުންވީމަ އަހަރެން ހުއްދަ ދިނީވެސް، އެއްވެސް އިރެއްގަ މޯނާއަކަށް ނޯންނާނެ ބުނެވޭކަށް އަހަރެން އޭނާ ކުރާ ކަންތައްތަކަށް ހުރަސް އެޅިއެކޭ، އެހެންވީމަ އަހަރެން ކަމެއް ބޭނުންވެގެން ބުނީމަ އޭނާވެސް ޖެހޭނެ ދޯ އަންޑަރސްޓޭންޑު ވާން، އަހަރެން މިހާރު މިހިރީ ރާއްޖެތެރޭގަ، ފެމެލީ އާއިއެކު، ވަރަށް އަވަހަށް މާލެ ދާން މިއުޅެނީ، މޯނާ އަމިއްލައަށް ރުޅިގަދަވެގެން އެއުޅެނީ… އަހަރެން އަބަދު އޭނާގެ ގާތުގައި ނެތަސް އެއީ އެވަރު ކަމެއްނޫނެންނު، އޭނާ އާއި ނުލާ އަހަރެން ކިތަންމެ ކަމެއް ކުރަން، އެކަމަކު ޝަކުވާއެއް ނުކުރަން… ދެން މަނާރު ބުނެބަލަ މިތާނގަ މައްސަލަޖެހެންވީ ކަމެއް އެބައޮތްތަ” ނަވާލުގެ އަޑުގައި ރުޅިވެރިކަމެއްނުވެއެވެ. އޭނާ ފޯނު ކަންފަތުގައި ޖަހާލައިގެން އެނދުގައި އޮށޯވެ ހަށިގަނޑު ދަމާލިއެވެ. އަދި ފޯނު ހިފަހައްޓައިގެން އޮތް އަތް ނޫން އަނެއްއަތް ބޯދަށަށް ލައްވާލާފައި ޝައުގުވެރިކަމާއިއެކު ފޯނުން ވާހަކަދައްކާލަން ތައްޔާރުވެލިއެވެ.

“މޫންތަ ބުނި ތިކޮޅަށް ދާން ނަވާ އޭނާއަށް މަނާކުރި ކަމުގަ” މަނާރު ފާޑަކަށް ޔަގީން ނުވާފަދަ ގޮތަކަށް ބުނެލިއެވެ. އޭނާއަށްވެސް ހަޤީޤަތް ނޭނގޭތީ ތެދުކުރަންވީ ކާކުގެ ވާހަކަ ކަމެއް ނޭނގުނީއެވެ.

“މޯނާ އިޒް ގޮއިން ކްރޭޒީ… އަހަރެން ބުނިން އޭނާ ކައިރީ މިކޮޅަށް އަންނާނެ ކަމެއް ނެތޭ، އޭނަ ރާއްޖެތެރެއަށް އައިސްގެން ފޫހިވުން ނޫންކަމެއް ނުވާނެ، ދެން އަބަދު އަހަރެން ގާތު ކިޔާނީ ފޫހިވަނީ ފޫހިވަނީ، ދެން އެވީ އަވަހަށް ފުރަން، އޭނާގެ ގޮތް ރަނގަޅަށް އެނގޭނީ މަށަކަށްނު، އެހެންވެ ބުނީ އަންނާނެ ކަމެއްނެތޭ، އެހެންނޫނަސް މިތަނަށް މިއައީ މަންމަ އާއި ބައްޕަ އެދިލައްވައިގެން ނުލާހިކު މުހިންމު ކަމަކު، އެހެންވީރު މޯނާ ބޭނުންވާގޮތަށް މަޖާ ކުރާކަށް ނޫޅެވޭނެ، މިކަންވެސް މޯނާ އެއުޅެނީ ބޮޑު އިޝޫއަކަށް ހަދާލައިގެން، އެންޑް ދި އަދަރ ތިންގް އިޒް، އަހަރެން ނޫޅެން މޯނާ ޑިވޯސް ކުރާކަށް، އެކަމަކު އޭނާ ބޭނުންވެއްޖެއްޔާ މިހާރުވެސް ޑިވޯސް ކޮއްދީފާނަން، މިތަނުގައި ފެމިލީ މެންބަރސް އާއިއެކު އުޅޭއިރު އަހަރެން ކިހިނެއް އެފެއަރ އެއް ހިންގާނީ، ނީލްބެވެސް އެބަ އުޅޭ، މަށެއް ގޭން ބޭރަކަށް ނުދަން، އެކަން އެނގޭނެ މިގޭގަ އުޅޭ ހުރިހާ އެންމެނަށް، އަހަރުމެން ނޫން ބަޔަކު މިގެއަކު ނޫޅޭ، މޯނާގެ ކަންތައްބޮޑުކަމުންވެސް ދޯ….” ނަވާލު ހަމަޖެހިލައިގެން އޮވެ މަނާރަށް ވިސްނާދީފިއެވެ.

“ތީވެސް ތެދެއް، މޫންތަ ފޫހިވާނެ ތިކަހަލަ ރަށަކަށް ގޮސް ހުންނަންވެސް، ދެން އެހެންވީރު މޫންތަ އެއުޅެނީ ކޫސަނިވެގެންތަ” މަނާރަށް އަހާލެވުނެވެ.

“އާން ދެން އެހެން ކޮންކަމެކޭ ބުނެވެން އޮތީ”  ނަވާލު ޔަގީންކޮއްދޭފަދަ ގޮތަކަށް ބުނެލިއެވެ.

“ދެން އެހެންވީމަވެސް ނަވާ ވެސް ތިހުންނަނީ އަޅާނުލާ، ގުޅާފަ ބުނެބަލަ އަންނާށޭ ކައިރަށް، މޫންތަ ގެންގޮސްގެން ވާހަކަދައްކަބަލަ، އޭރުން އޭނާ އުފާވާނެ… މޫންތަ ދެރަވިޔަސް ނަވާ އަޅާނުލާތިއޭ މިހެން މިވަނީ، ނަވާއަށް ހުރިހާ ކަމެއް އެނގޭއިރުވެސް ހުންނަނީ ހަމަ ކަންތައްތައް މިހިސާބަށް ދަންދެން، ކީއްވެތަ އެހެން ހަދަނީ” މަނާރު ބުންޏެވެ.

“ދެން މިބުނީނު މައްސަލައެއް ނުޖެހެއޭ އަހަރުމެން ދޭތެރެއަކު، އެވާހަކަ ބާއްވަބަލަ، އަހަރެން މިރޭ މޯނާއަށް ގުޅާފަ މާލެ ދާން އުޅޭވާހަކަ ބުނަންށޭ މިހިރީ، ދެން ބުނެބަލަ، އަހަންނާ މަނާރާ ދޭތެރޭ ކޮންމައްސަލައެއް ޖެހިގެން މަނާރު އަހަންނާ ގުޅުން ކަނޑާލީ، އަންގާވެސް ނުލާ ފުރައިގެން ގޮސް ތިހުންނަނީ މާދުރުގަ، އެޑްރެހެއް އެއްޗެއްވެސް ނުދޭ، ފޭސްބުކް އެކައުންޓުވެސް އޮތީ ކްލޯސް ކޮއްލާފަ، ދިމާވި ފަހަރު އަހަރެން ބޭނުން އެއީ ކީއްވެކަން އެނގެން” ނަވާލުގެ ޝައުގުވެރިކަން އަދިވެސް ވަނީ މަނާރަށް ދެވިފައިކަން ގައިމެވެ.

“އެހާ ބޮޑު ކަމެއް ހިނގީމަ އަހަރެން ހުރީ ޝޮކުގަ، ބޭނުންވީ ހުރިހާ ކަމަކާ ދުރަށްދާން، އެހެންވެ ޚަބަރެއް ނުވެ ފުރައިގެން މިކޮޅަށް އައިސް މިހުރީ، ފޭސްބުކް އެކައުންޓުވެސް ޑީއެކްޓިވޭޓްކޮއްލީ، އެނގޭ އަހަންނާ ކޮންޓެކްޓް ކުރަން މަސައްކަތް ކުރާނެކަން، އެހެންވެ އެހެން ހެދީ، ތެދަށް ބުނަންޏާ އަހަރެން އަސްލު ފިލަން ދުވީ، ތިގޭ މީހުންނަށް ފިލަން…” މަނާރުގެ އަޑުގައިވެސް މިހާރު މަޑުމައިތިރިކަމެއް އެކުލެވިއްޖެއެވެ.

“އަހަރުމެން ގޭ އެންމެންތަ ނޫނީ ނާއިލަށްތަ” ނަވާލު ޖެއްސުމުގެ ރާގެއްގައި އަހާލިއެވެ.

“ހެ ހެ ހެ ހެ، ތިކަމަށް އެއްޗެއް ބުނާކަށް ނެތިން، ބުނެބަލަ، މިހާރު އޭނާ އެއްކޮށް ރަނގަޅުވީތަ” މަނާރަށް ނާއިލުގެ ހާލު އަހާލެވުނެވެ.

“އެއްވެސް ބަދަލެއް ނާދޭ، އޮޕަރޭޝަން ކުރި އިރެކޭ މިހާރެކޭ އެއްވެސް ތަފާތެއްނެތް، އެހެންވިޔަސް މެރީކޮއްގެން އުޅެނީ” ނަވާލު ބޭނުންވީ ގަސްދުގައި މަނާރުގެ ހިތްތެޅޭވަރުގެ ޚަބަރެއް ދޭށެވެ.

“ސީރިއަސްކޮއްތަ، އެކަމަކު ތިބުނީ އޭނާ އަދިވެސް ރަނގަޅެއްނުވެޔޭ، ދެން ކިހިނެއް… ކާކާ އޭނާ މެރީ ކުރީ” ނަވާލު ބޭނުންވި ގޮތަށް މަނާރު ސިހުނެވެ. ނާޢިލު މީހަކާ އިނދެފާނެއޭ މަނާރަށް ޤަބޫލުކުރަން އުނދަގޫވީއެވެ.

“ފާޑެއްގެ އަންހެންކުއްޖެއް، ހުތުރެއްނޫން، ބޯނިވާކޮއްފަ ފޮތިފޭއްޔަކަށް އެރިގެން އުޅޭކަހަލަ ކުއްޖެއް އެއީ، މަންމައަށް ވަރަށް ކަމުގޮސްގެން ކުރި ކައިވެންޏެއް އެއީ، ނާއިލަށް ވަރަށް ކަމުދާހެން ހީވަނީ، އަބަދު ހުންނަނީ ފޫބުޑުގަ، ނާއިލަށްވެސް ކަމުދަނީ އެގޮތްވީމަތާ އެހެން އުޅޭނީ” ނަވާލު ފާޑަކަށް ހިނިއައިސްފައި އޮވެ ވާހަކަދެއްކިއެވެ.

“އޭ… އެބަހުރިންތަ، ކީއްވެތަ އެއްޗެއް ނުބުނެ ތިހުންނަނީ” މަނާރު އެއްޗެއް ނުބުނެ މާގިނައިރު ވީމަ ނަވާލު ގޮވާލާފައި ވާހަކަދެއްކިއެވެ.

“ދެން ބާއްވަނީ، ހަނދާންކޮށް މޫންތައަށް ގުޅައްޗޭ” މަނާރު އުޅުނީ ފޯނު ބާއްވާށެވެ. ނާއިލުގެ ވާހަކަ ނަވާލު ދެއްކުމުން އޭނާގެ ސިކުނޑީގައި ހިރަފުސްއަރާފައިވާ މަންޒަރުތައް އަލުން އާވެ ލޯކުރިމަތީ ސިފަވާން ފެށުމުން އިތުރަށް ވާހަކަދައްކަން ބޭނުންނުވީއެވެ.

“އެހަށް މަޑުކޮއްބަލަ، ކޮންއިރަކުން ދެން އަންނާނީ މާލެއަށް، ނޫނީ ތިކޮޅުގެ އެޑްރެސް ދީބަލަ، އަހަރެން ގޮސްދާނަން މަނާރު ދެކިލަން، ޕްލީޒް… އެހާ ދުވަސް ކޮއްފަ ދިމާވީމަ ވަރަށް ގިނައިރު ވާހަކަދައްކާލަންވެސް ބޭނުން” ނަވާލުގެ ހިތުގައިވާ އެއްޗެއް މަޑުމަޑުން ހާމަކުރަމުންދިޔައެވެ.

“ދެން އެހެން ފަހަރަކުން ދޯ، އަހަރެން އަދި ރެޑީއެއްނޫން މާލެ ދާކަށް، އެކަމަކު މިނަންބަރު އަހަންނަށް ގުޅޭނެ” މަނާރުގެ ހިތުގައި ނާއިލަށް އުފެދުނު ޝައުގެއްގެ ބޮޑުކަމުން ޚަބަރު އޮޅުން ފިލުވުމުގެ ބޭނުމުގައި ނަވާލު ގާތު ބުނެލިއެވެ. ނަވާލު އޭނާއަށް ގުޅާނެކަން ޔަގީން ކުރެވޭއިރު އެއީ ކީއްވެކަމާއިމެދު މަނާރު ވިސްނާކަށް ބޭނުމެއްނޫނެވެ. އޭނާ ވިސްނީ ނަވާލު ގުޅުމުން އޭނާގެ އަމިއްލަ ބޭނުން ނަވާލުގެ ގާތުން ފުދޭނެކަމެވެ.

ފޯނު ކޯލު ކެނޑުނުފަހުންވެސް އެތަށްއިރެއްވާންދެން ނަވާލު ހިނިއައިސްފައި ފޯނަށް ބަލަށް އޮތެވެ. މަނާރުގެ ނަންބަރު ލިބުމުން އޭނާ އޮތީ ވަރަށް ހިތްހަމަ ޖެހިފައެވެ. މިދޭތެރެއިން އޭނާގެ ދިރިއުޅުމަށް އައި ހަލަބޮލިކަންވެސް ފިލައި ދިޔަކަހަލައެވެ. މަޑުމަޑުން ތެދުވެ ފޯނުގެ ހެޑްސެޓު ހޯދާލުމަށްފަހު ފޯނުން ރީތި އިނގިރޭސި ލަވައެއް ޖަހާލަމުން ހެޑްސެޓު ކަންފަތަށް ޖަހާލައިގެން ކޮޓަރިން ބޭރަށް ނުކުތެވެ. އޭނާގެ މިސްރާބު ހުރީ ގޭގެ މައިދޮރާ ދިމާލަށެވެ.

“ދަރިފުޅާ… ކޮންތާކަށް” ވަލުދޮރޯށިން ސިޓިން ރޫމަށް ވަން ސަމީރާގެ އަޑުއިވުނެވެ.

“ކުޑަކޮށް ބޭރަށް ނުކުމެލަން ކަމަށް މިދަނީ” ފަސްއެނބުރުނު ނަވާލު އޭނާގެ މަންމައަށް ބަލާލަމުން ބުނެލިއެވެ.

“އެހެންތަ، ދޭ ދޭ… ނާއިލާއި ޝަބާ އާއި ދެކުދިންވެސް ވެއްޖެ އަތިރިމައްޗާ ދިމާލަށް ގޮސް، މޫދަށް އެރެން ދިޔައީ، ދޭބަލަ އެކުދިންނާ ދަރިފުޅުވެސް ބައިވެރިވެލަން، އެކަމަކު ތި ޓީޝާޓުގައި މޫދަށް ނޭރެއްޗޭ، ލައިގެން ހުރި ސޯޓު އެންމެ ރަނގަޅު” ސަމީރާ ބުނެލިއެވެ.

“އަޅުގަނޑު މިގަނޑީގަ މޫދަކަށް ނޭރޭނަން، މިގަޑީގަ އެންމެ ގަދައަށް އަނދާނީ، ހަދާނެއްވެސްނެތް އަވީގަ އުޅޭއިރު ހާކާލާ ކަހަލަ ލޯޝަން ފުޅިއެއް ގެންނާކަށްވެސް” ނަވާލުގެ ވާހަކައިން އޭނާ ހަމަޖެހިލައިފައި ހުރިކަން ސަމީރާއަށް ނަގައިގަނެވުނެވެ. ސަމީރާމެން އެރަށަށް އައިފަހުން މިނޫނީ ނަވާލު ހަމަޖެހިލައިފައި ހުރިތަނެއް ނުފެނެއެވެ. އަބަދުވެސް ފެންނަނީ ކޮންމެވެސް ކަމަކާ މާޔޫސްވެފައި ހުރެ މީހުންނާ އެކަހެރިވާން އުޅޭ ތަނެވެ. އިރުކޮޅަކު ދަރިފުޅު ނުކުމެގެން ދިޔަތަން ބަލަން ސަމީރާއަށް ހުރެވުނީ ހިތްހަމަޖެހިފައި ހުރިލެއް ބޮޑުކަމުންނެވެ. ހުރިހާ ކަމެއްވެސް އިރާދަކުރެއްވިއްޔާ ރަނގަޅުވެދާނެކަމުގެ ކޮޅުމަތި އޭނާއަށް ފެންނަކަހަލައެވެ.

ހިކިފަހުގައި ނާއިލުގެ ފުރޮޅުލީ ގޮނޑި އިންއިރު އޭނާ އިނީ ރާޅުޖަހާ ހިސާބުގައި ގަދަ ޗޮކުލެޓުކުލައިގެ ސޯޓެއްގައި މީކާގެ އެހީގައި އިށީނދެއެވެ. ދާދި ގާތުގައި ޝަބާ ކޮއްޅަހުރިއިރު އޭނާގެ އަތުގައި އޮތް ނާއިލުގެ ޓީޝާޓުން އޭނާގެ މޫނަށް ހިޔާއަޅާދޭން މަސައްކަތް ކުރަމުން ދިޔައެވެ.

“ޝަބާ، މިގަޑީގަ އަވި އޮންނާނެކަން އެނގިހުރެ އޭ އަހަރެން މިއައީ، އަހަރެން ކަޅުވެދާނެތީތަ ޝަބާ ތިހާވަރުން ތިއުޅެނީ” ނާއިލު ސަމާސާ ރާގެއްގައި ބުނެލިއެވެ.

“ވަރަށް ދިލަ އަތްވެއްދޭތި މިހެން މިހަދަނީ، ކޮންމެހެން ކަޅުވެދާނެތީއެއްނޫން” ލުއިލުއި ހުނުމަކާއިއެކު ޝަބާ މިހެން ބުނެ ޓީޝާޓު ހިފައިގެން އައިސް ފުރޮޅުލީ ގޮނޑީގައި އަޅުވާލައިފިއެވެ. އަދި އަޅައިގެން ހުރި ކަޅުބުރުގާ ރަނގަޅަށް ހެނދުމުގެ ދެކޮނޑުގައި ހަރުކޮއްލާފައި ކުރިމައްޗަށް އެލިފައި އޮތް ދެކަން ނަގާ ފަސޭހަކަމާއިއެކު ނުމޮހެވޭނޭ ކަހަލަ ގޮށެއް ޖަހާލިއެވެ. ދެން ހިނގައިގަތީ އަނެއްކާވެސް ނާއިލާ ދިމާލަށެވެ. އެއައި ގޮތަށް އައިސް ނާއިލުގެ ގާތުގައި އިށީނދެ އޭނާގެ ފަޔަށް ބޭނުންވާ ކަސްރަތުތައް ކުރަން ފެށިއެވެ. މީކާ ހަމަ ބަހެއްވެސް ނުބުނެ ހިނިއައިސްފައި އިނދެ ފަހަރަކު މީހެއްގެ މޫނަށް ބަލަމުންދިޔައެވެ. އޭނާއަށް ޝަބާ އާއި ނާއިލުގެ ކިބައިން ފެންނަ އެކުވެރިކަމާއި ބަދަލުކޮއްލާ ހިނިތުންވުން ފެނި އާޝޯހުވަނީއެވެ. ކުއްލިއަކަށް މިވީ ކިހިނެއްބާއޭ އޭނާގެ ހިތަށްވެސް އެރީއެވެ. އެހެންނަމަވެސް އޭނާ ސުވާލު ކުރުމުގެ ބަދަލުގައި އެދެމަފިރިންގެ މައްޗަށް އުފާކުރިއެވެ. އޭނާ ބޭނުންވީ މިދުވަސް ދެކޭށެވެ. އެދެމަފިރިން ހިނިތުންވެލައިގެން ތިބެ އެކަކު އަނެކަކަށް އެހީވާތަނެވެ.

އަތިރިމައްޗަށް ވާގޮތަށް ހަދާފައި ހުރި ޖޯލިފަތިތައް ފަސްދީ މޫދު ފެންނަ ހިސާބަށް ނަވާލު އައިސްފަވެސް ޚިޔާލު ބަދަލުވެގެން އެނބުރިގޮސް ބޮޑު ބިޔަ ގަސްދަށަށްވާގޮތަށް ހުރި ޖޯޔެއްގައި އޭނާ ޖައްސާލައިފިއެވެ. ނާއިލާއި ޝާބާ އުޅޭގޮތް ބަލަން އެމީހުންގެ ފަސްފަހަތުން ދާން ނަވާލު ބޭނުންނުވީއެވެ.

ބޭނުންނުވިނަމަވެސް ނާއިލުގެ އެދުމުގެ މަތިން ޝަބާގެ އުނަގަނޑާއި ހަމައަށް އޭނާ މޫދަށް އެރުނެވެ. އޭރު އޭނާގެ ގާތުގައި މީކާގެ އަތުގެ ތެރޭގައި އޮތް ނާއިލު ހިނިއައިސްފައި ބަލަހައްޓައިގެން އޮތެވެ. ނާއިލުގެ ކަނދުރާއިން ތިރި ލޮނުގަނޑުގެ ތެރެއަށް ގަންބާލުމަށްފަހު ފެންމައްޗަށް ނަގައެވެ. މިހެން މީކާ ދެތިންފަހަރު ހެދިއެވެ. އެއީ ނާއިލުގެ ގައިގާ ހަރުލާފައި ހުރި ވެލިތަށް ދޮވެ ސާފުކޮއްލުމުގެ ގޮތުންނެވެ. ޝަބާ ލޮނުގަނޑުގެ ތެރޭ އަންނަ ރާޅުތަކުން ސަލާމާތްވުމަށް ނާއިލުގެ އަތުގައި ހިފާލައިގެން ހުއްޓެވެ. ވެލިފިލައިފިކަން ޔަގީންވުމުން މީކާ އާއިއެކު ޝަބާވެސް ހިނގައިގަތީ އެއްގަމަށް އަރަންށެވެ. ތެމިފައި ހުރުމުން ހެދުމުގެ ފަސްބައި ދެއަތުން ހިއްލާލައިގެން ހުރެ ބަރުފިޔަވަޅުތަކެއް އަޅަމުން އައިސް ނާއިލުގެ ގޮނޑީގައި އަޅުވާލާފައި އޮތް ޓީޝާޓާއި ގޭން ގެނައި ބޮޑުތުވާލި ނަގާ މީކާއަށް ގޮނޑި ދައްކާލިއެވެ. ނާއިލު ގޮނޑީގައި ހަމަޖެހިލުމުން އޭނާގެ ވަށައިގެން ތުވާލި އޮޅާލީ ޝަބާއެވެ. ތިންމީހުން ގެއާއި ދިމާލަށް ދިޔައިރު ޖޯލީގައި އޮތް ނަވާލު އެމީހުންނަށް ފެނުނެވެ. އެހެންނަމަވެސް ފެންނަކަމަށް ނަހަދާ އެދިމާލަށް ބަލާނުލާ ހުރި ގޮތަށް ކުރިއަށް ދިޔައީއެވެ. ނަވާލުވެސް އެމީހުންނާއި ދިމާލަށް ބަލައެއްނުލިއެވެ. އޭނައަށްވެސް އެމީހުން އެއްގަމަށް އަރައިގެން އައިތަން ފެނުނެވެ.

* * * * *

ފުރަން ހަމަޖެހިފައި އޮތް ދުވަހުގެ ހަވީރު ރަޒިއްޔާއަށް ނީލް ގުޅިއެވެ. އަދި ސަމީރާ އާއި އަސްލަމްވެސް ވާހަކަދެއްކުމަށްފަހު ނާއިލުގެ އަތަށް ދިނެވެ.

“ދައްތާ، މީ ނާއިލު… ބޭސްކޮއްދިނީ އަޅުގަނޑަށް” ނާއިލު ތަޢާރަފެއްދިނެވެ.

“ދައްތައަށް އެނގިއްޖޭ، ކޮބާ ދެން ތިދަނީ ދޯ، އެކަމަކު ދެރަނުވާތި، އުންމީދު ކަނޑާނުލާތި” ރަޒިއްޔާ ބުންޏެވެ.

“ދައްތާ، އަޅުގަނޑަށް ފަރުވާވެސް ކުޑަކުރެވުނީ، އެކަމަކު އަދި އިރާދަކުރެއްވިއްޔާ ﷲގެ ރަޙުމަތްފުޅުން އަޅުގަނޑު ރަނގަޅުވާނެ، އުންމީދު ކަނޑައެއް ނުލާނަން ދުވަހަކުވެސް، ރަނގަޅުވޭތޯ ކުރެވެން އޮތް ކަމެއްވިއްޔާ އަޅުގަނޑު ކުރާނަން، ދައްތަ ތިކޮއްދެއްވި ކަންތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާއޭ ބުނާނީ، އަޅުގަނޑަށް އިތުރު ހިތްވަރު ދައްތަގެ ފަރާތުންވެސް ލިބިއްޖެ، އިރާދަކުރެއްވިއްޔާ ޝަބާއަށް ދައްތަ ދަސްކޮއްދެވި ކަންތަކުން އަޅުގަނޑަށް އަބަދުވެސް ފައިދާ ކުރާނެކަން ޔަގީން، އެކަމަށްވެސް ޝުކުރިއްޔާ، މިރޭ ދެން އަޅުގަނޑުމެން މި ފުރަނީ، ވަރަށް ދެރަވޭ ދައްތަ ރަށުގައި ނެތީމަ، އެހެންނޫންނަމަ ފުރުމުގެ ކުރިން ސަލާމްކޮއްލަން ދެވުނީސް” ނާއިލަށް ރަޒިއްޔާގެ ބޭހުން ފައިދާއެއް ނުކުރިކަމުގައި ވިޔަސް އޭނާގެ ހިތްހެޔޮކަމުން ރަޒިއްޔާ ހުރީ ވަރަށް ހިތްހަމަޖެހި އުފާވެފައެވެ.

“ދެން އެކަމާ އަޅާނުލާ، މިޒަމާނަކީ މީ ފޯނުން ހުރިހާ ކަމެއްވާ ޒަމާނެންނު، މިވެސް ހާދަ ބޮޑުވަރެކޭ، ދައްތަހަމަ ހިތްހެޔޮ، ނިޔާމަ ދަތުރަކަށް އެދެން، ދެން ތިދެކުދިން ރަނގަޅަށް އުޅޭތި އިނގޭ، ދައްތަގެ ސަލާމް ޝަބާއަށް ރައްދުކޮއްދީ، ދެން ބާއްވާލާނަން އިނގޭ” ރަޒިއްޔާ ފޯނު ކޯލު ކުރުކޮއްލީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ހުރެއެވެ.

“ކޮބާ ހުރިހާ ކަމެއްތައްޔާރު ވެފަ ދޯ ހުރީ” މީކާ ނާއިލުގެ ކަންފަތުގައި ޖައްސާލައިގެން ހުރި ނީލްގެ ފޯނު އޭނާއަށް ދިނުމުން ބުނެލިއެވެ. ޝަބާ އާނއެކޭ ބުނުމުގެ ގޮތުން ނީލްއަށް ބަލަންހުރެ ބޯޖަހާލިއެވެ. އޭރު ނަވާލު އޭނާގެ ދަބަސް ހިފައިގެން ސިޑިން ފައިބަނީއެވެ.

* * * * *

މޯނާއަށް ގުޅާފައި ނަވާލު މާލެ ދާވާހަކަ ބުނުމުން އޭނާގެ ދެލޮލުން ކަރުނަ ހިކި ތުންފަތަށް ހިނިތުންވުންވަނީ ވެރިވެފައެވެ. އަވަސް އަވަހަށް މާލެ ދާން ޓިކެޓު ހަމަޖެއްސިއެވެ. އޭނާގެ އުފާވެރިކަން މަނާރާއި ޙިއްޞާކުރިއެވެ.

“މޫންތާ، ނާއިލު ކީއްވެތަ ރަނގަޅު ނުވެގެން އެއުޅެނީ” މަނާރަށް ނާއިލުގެ ވާހަކައެއް ނާހާ ނުހުރެވިގެން އެހިއެވެ. ނަވާލުގެ ފަރާތުން ނާއިލުގެ ޚަބަރު ކޮންމެވެސް ވަރަކަށް އޮޅުން ފިލިފަހުން އޭނާ ހުންނަނީ ހިތްއަވަސްވެފައެވެ.

“ނޭނގެ، މިފަހަރު ރާއްޖެތެރެއަށް ގޮސްގެން އެއުޅެނީވެސް ދިވެހިބޭސްކުރަންވެގެން، މާލެ ދިޔައީމަ އެނގޭނީ އެކަން ދިޔައީ ކިހިނެއްކަންވެސް” މަނާރުގެ ގާތުގައި ސޯފާގައި އިން މޯނާ ބުނެލިއެވެ. އޭރު އުނގުގައި އޮތް ކުޝަންގެ މަތީ ޗިފްސް އަޅާފައި ހުރި ތައްޓެއް ހުއްޓެވެ. އޭގެން މޯނާގެ އަނގަ ފަޅުފިލުވަމުންދިޔައެވެ.

“ނާއިލުގެ ވައިފް ކިހިނެއް، އޭނާ ވަރަށް ލޯބިންތަ އުޅެނީ” ނާހަން އިނދެފަވެސް މަނާރު އަނެއްކާ ސުވާލެއް ކުރިއެވެ.

“ކުއްލިއަކަށް މާ ނާއިލުވީ ކިހިނެއްވީ، އޭނާ މަތިން ހަނދާންވަނީ ދޯ، ހިނގާ މާލެ ދާން، އޭރުން ނާއިލުގެ ހުރިހާ ކަމެއް ފެންނާނެ އެންނު، އަހަރެން ކިޔާދިނުމަށްވުރެ އަމިއްލަ ލޮލުން ބަލާލުން މާރަނގަޅުވާނެ އެންނު” މޯނާ، މަނާރުގެ އަތުގައި ޖަހާލަމުން ބުނެލިއެވެ.

“އެހެނެއްނޫން، ދެން ހިތަށް އެރީ ހަމަ، އޭނާ މެރީވެސް ކުރީއޭ، ނަވާވެސް ބުނިވިއްޔަ އަދިވެސް އޭނާ ރަނގަޅެއްނުވެޔޭ، ކުރިއެކޭ އެއްވެސް ތަފާތެއްނެތޭ، އެހެންވެ ހިތަށް އަރަނީ އޭނާ މެރީކޮއްގެން އުޅޭނީ ކިހިނެއްބާއޭ” މަނާރު މަޑުމަޑުން ލަސްލަހުން ކަމުގައި ވިޔަސް އޭނާގެ ހިތްހުޅުވާލަމުންދިޔައެވެ. އޭނާއަށް ނާއިލުގެ ނަން ކިޔާކަށް ފަސޭހައެއްނުވިއެވެ.

“އަދިވެސް ބޯއީފުރެންޑެއް ނުހޯދާ ތިހުންނަނީ ނާއިލުގެ ހަނދާނުގަ ނޫން ދެން އެހެން ކޮންކަމެއްވެގެން، ކިހާ ރީތި ކުދިން މިކޮޅުގަ އެއުޅެނީ، މަނާރުގެ ފުރެންޑު ޖޭޑްވެސް ދެކެބަލަ، ސަޅިކަން އޭނަ… މަށަށް ޔަގީން އޭނަވެސް މަނާރަށް ފާޑެއްކަން… ނާއިލާމެދު މިހާރު ދެން ވިސްނާނެކަމެއްނެތް، ނަވާ މަންމަ ވަރަށް ލައިކްވާ ކުއްޖަކާ ނާއިލު މެރީކޮއްގެން އުޅެނީ، އެދެމީހުން އެހާ ނުވެސް ގުޅޭ، ވަރަށް އޯލްޑް ސްޓައިލެއްގެ ކުއްޖާގަނޑެއް، ވަރަށް މަޑުމަޑުން ހުންނަނީވެސް، ނަވާ މަންމަ ހުންނަނީ އެދެމީހުންނާއިމެދު ވަރަށް ހިތްހަމަ ޖެހިފަ، އެކަމަކު އަހަންނަށް އެނގޭ އެހެން އެކަކުވެސް އެއަންހެން ކުއްޖާ ކަމުގޮސްގެން ނޫޅޭކަން، އޭނާއަށްވުރެ މާރަނގަޅުވާނެ އެގޭ ގެންގުޅޭ ކުއްޖާވެސް، އޭނާވެސް މާފެށެންވާނެ، ޒަމާނަށް އުޅެން އެނގޭނެ… ހެ ހެ ހެ ހެ” މޯނާގެ ޚިޔާލަށް ކަންތައްތައް އޮތްގޮތް ސިފަކުރެވިފައިވާ ގޮތަށް މަނާރަށް ކިޔާދިނެވެ.

“އެދެމީހުން ވަރަށް ކްލޯސްތަ، މޫންތައަށް ފެންނަނީ ކިހިނެއް، ނާއިލު ވަރަށް ކްލޯސްކޮއްތަ އޭނާގެ ވައިފް އާއި ވާހަކަ ދައްކަނީ، ނާއިލު އަސްލު ހެޕީއެއްނޫންދޯ އޭނަ އާއިއެކު” މަނާރުގެ ހިތްނުތަނަވަސް ވާގޮތްވަނީއެވެ. މޫނުމަތިން ކަންބޮޑުވެފައި އިންކަހަލަ ކުލަވަރެއް ފެންނަމުން ދިޔައިރު އޭނާގެ ތިރީތުންފަތުގެ އެއްފަރާތުގައި މަޑުމަޑުން ދަތްއަޅާލަ އަޅާލަ އިނެވެ.

“އެދެމީހުން އެހާ މެޗެއްނުވޭ، ހީއެއްނުވޭ އެހާ ކްލޯސް ހެނެއް… ދެން ނޭނގޭނެ ދޯ، ނާއިލުގެ ފަރާތުން ކޮންހަރަކާތެއް ފެންނާނީވެސް، ކޮޓަރީގަ ހިނގާ ކަންތައްތަކެއް އެހެން މީހުންނަށް ނޭނގޭނެއެންނު، އެދެމީހުން ވާހަކަދައްކާތަނެއްވެސް ނުފެނޭ، ދެން ބުނެބަލަ، ކީއްވެތަ ނާއިލުގެ ސުވާލުތައް ގިނަވެގެން ތިއުޅެނީ، އޭނަ މެރީކުރީމަ ހިތަށް ތަދުވީ ދޯ، މަނާރު އަމިއްލަ އަށެއްނު އެފުރުޞަތު ދޫކޮއްލާފަ އައީ” މޯނާ ބުނި އެއްޗަކާއިމެދު މަނާރު ވިސްނާލިއެވެ.

“އަހަރެން ނޫޅެން މާލެ ދާކަށް، ނާއިލު އުޅެނީ އުފަލުން ތޯ ހަމަ ބަލާލީ، މަށަށް ޖޭޑުވެސް އެހުރީނު ދޯ” މަނާރު މަތިއޮމާންކޮއްލާފަދަ ހިނިގަނޑެއް ޖަހާލިއެވެ. މޯނާވެސް އާން އާން ކިޔާލަމުން ހޭންފެށިއެވެ.

* * * * *

މާލެ އާދެވުނީ ދަންވަރުގެ ވަގުތެއްގައި ކަމުން އިތުރު ކަމެއްކުރާނެ ވަގުތެއް އެކަކަށްވެސް ނުލިބުނެވެ. އެންމެންވެސް ބެލީ ތާޒާވެލައިގެން އަރާމު ނިންޖަކަށް ވާޞިލުވެވޭތޯއެވެ. ނާއިލާއި ޝަބާވެސް ތިބީ އެނދުގެ ދެފަރާތުގައި އަރާމު ނިންޖަކުން ނިދާލާފައެވެ. ކޮޓަރީގެ އެއްފަރާތުގައި އެމީހުންގެ އަންނައުނުތައް އަޅާފައި ހުރި ފޮށިތަށް ގެނައިގޮތަށް ހުއްޓެވެ. ނުނިދިފައި ޓީވީގެ ރިމޯޓަށް ފިއްތަފިއްތާ އޮތް ނަވާލު އޮތީ ފިކުރެއްގެ ތެރޭގައެވެ. ވަރުބަލިކަން އިޙްސާސް ކުރެވުނެއްކަމަކު އޭނާގެ ލޮލަކު ނިންޖެއްނެތެވެ. ފަތިސްވަންދެން ކަހަލަ ގޮތަކަށް އޭނާ އުޅުނީ އެހެންނެވެ. ޓީވީގެ ފަހަރަކު ޗެނަލެއް ބަދަލުކުރުމުގައެވެ.

ފަތިހުގެ ކޮވެލީގެ އަޑު މިއަދު ނީވުނުކަމުގައި ވިޔަސް ޝަބާ އާއި ނާއިލު ތިބީ ފަތިސް ނަމާދަށް އަރައެވެ. ފުރޮޅުލީ ގޮނޑީގައި ތަންކޮޅެއް ކުރިއަށް ޖެހި ނާއިލު އިންއިރު އޭނާއަށްވުރެ ކުޑަތަންކޮޅެއް ފަހަތަށް ޖެހި ޝަބާ ހުއްޓެވެ. އެންމެ ފަހު ސަޖިދާގައި ތަންކޮޅެއް ގިނައިރުވިއެވެ. އެއަށްފަހު ނަމާދުން އަވަދިވުމުގެ ކުރިން ދެމަފިރިން އެކުގައި ނާޢިލަށް ޝިފާދެއްވުން އެދި ދުޢާކުރިއެވެ. އެދެހިތްވަނީ އަލިކަމުގެ ތެރޭގައެވެ. ނަފްސުގެ ތާޙިރުކަންމަތީގައެވެ.

ފަތިސްނަމާދަށްފަހުވެސް ނާއިލަށް ނިދުނީއެވެ. އޭނާ ހުރީ ވަރަށް ވަރުބަލިވެ ލޯންޗުގައި ގިނައިރު އިންނަން ޖެހުމުން ލޮޑުވެ ދަތުރު ބަލިވެފައެވެ. އެކަމާ ޝަކުވާ ކުރުމެއްނެތި ޝަބާވެސް އެނދުގައި ޖައްސާލީ އަރާމުކޮއްލުމަށެވެ. އެހެންނަމަވެސް އޭނާއަށްވެސް ނިދުނީއެވެ.

މާލެ އައި ފުރަތަމަ ދުވަސް ނިމިދިޔައިރު ނާއިލު، ޝަބާގެ ގާތުގައި އެއްބަސްވެފައިވާ ގޮތާއި ޚިލާފެއް ނުވެއެވެ. އޭނާ ޝަބާ އާއި މާގިނަ ވާހަކައެއް ނުދެއްކިނަމަވެސް މަދުމަދުން އެއްޗެހި ބުނެލައެވެ. އެވަރުން ޝަބާ ހުރީ ހިތްހަމަ ޖެހިފައެވެ.

މާލެ އައިތާ ހަތަރުދުވަސްފަހެވެ.

މޯނާ ކޮޓަރިއަށް ވަންތަނާ ކޮމްޕިއުޓަރ ކައިރީ އިން ނަވާލު ފެނި އޭނާ އާއި ދިމާލަށް ދުއްވައިގަތެވެ.

“ސަޕްރައިޒް…” މޯނާ އުފާވެރި ރާގެއްގައި ބާރަށް ބުނެލިއެވެ. އަދި ނަވާލުގެ ގައިގާ ބައްދާލަމުން އޭނާގެ ކޯތާފަތުގައި ތުންފަތްޖައްސާލިއެވެ.

“ހޫން، މިހާރު ތިހިރީ އާދެވިފައެންނު، ދެން އަނެއްކާވެސް ކަމެއްވާއިރަށް ގޮސް މަނާރު ގާތު ކޮންމެވެސް އެއްޗެކޭ ކިޔާނީއެއްނޫން” ނަވާލު ރުންކުރުގޮތަކަށް ބުނެލިއެވެ.

“ކަމޯން ބޭބީ، އަހަރެން ފެނިފަ އުފަލެއް ނުވޭތަ، ކިހާ ދުވަހެއް ފަހުންތަ މިފެނުނީ… މިއަދު އެއްކޮށް ބޭނުންވަނީ ނަވާ އާއިއެކު ޓައިމް ސްޕެންޑް ކޮއްލަން” މޯނާ، ނަވާލުގެ އުނގުގައި އިށީންނަން އުޅުމުން ނަވާލު ވަގުތުން ތެދުވިއެވެ.

“މަށެއް ނޫޅެމޭ ތަނަކަށް ދާކަށް، މޯނާ އެންނު ތީ ދާންޖެހޭ ތަންތަން ގިނަވެފަ އޮންނަ މީހަކީ” ނަވާލުގެ ވާހަކަދެއްކުމުގެ ރާގަކަށް ބަދަލެއް ނާދެއެވެ.

“އަދިވެސް ތިހުންނަނީ ހިތްހަމަ ނުޖެހިފަތަ، ދެން އޯކޭވެ ބަލަ… ހޭ ބޭބީ، ދުރަށް ނުގޮސް އާދެބަލަ ކައިރިއަށް، ނަވާލުގެ ޓަޗް ފީލްކޮށްލަން އަހަރެން ބޭނުން، މިއަދު އަހަންނާ ދުރަށް ގޮސްގެން ނުވާނެ” މޯނާ، ނަވާލުގެ އަތުގައި ހިފާ އޭނާ އާއި ގާތްވެލިއެވެ. އަދި ނަވާލުގެ މޫނުގައި ބޮސްދޭން ފެށިއެވެ.

“މޯނާ… ފަހުން ދޯ…” ނަވާލު އޭނާގެ މޫނު ދުރަށް ޖައްސާލަމުން މޯނާގެ ކޮނޑުގައި ހިފާ ގަޔާ ދުރުކޮއްލިއެވެ. އެހެންނަމަވެސް ލާނެތް ގޮތަކަށް ބަލަހައްޓައިގެން ހުރެފައި މޯނާ ހީލަމުން ވަނީ ފާޚާނާއަށެވެ. އޭގެ ކުރިން އޭނާ ގެނައި ފޮށި ހުޅުވާލާފައި އޭގައި ހުރި ސާމާނުތަކެއް ފާޚާނާއަށް ގެންދިޔައެވެ.

ފެންވަރާލައިގެން ހެއަރ ޑްރަޔަރ އިން އިސްތަށިގަނޑު ހިއްކާލައިގެން ކޮޓަރިއަށް މޯނާ ނުކުން އިރު ނަވާލު އެއްޗެހި ބަދަލު ކޮއްލައިގެން ނުކުންނަނީއެވެ. އެހެންނަމަވެސް އޭނާއަށް މޯނާ ފެނުމާއިއެކު ވަގުތުން ހުއްޓުން އެރިއެވެ. މޯނާ ބޭނުންވިގޮތަށް ހުރިހާ ކަމެއްވެސް ވާނެކަން އޭނާއަށް ޔަގީންވީ، އޭނާ އެނދުމައްޗަށް ކޮޅަށް އަރާ ނަވާލަށް އަތްދިއްކޮއްލުމުން ނަވާލު އައީމައެވެ.

“އައި ނޯ ޔޫ ވޯންޓް ދިސް…” މޯނާ، ނަވާލާއި ބޮޑަށް މަސްހުނިވެލިއެވެ.

އެކުގައި ގިނަވަގުތުތަކެއް ހޭދަކުރުމަށްފަހު ބޭރަށް ދާން ނިންމައިގެން ހުރި ނަވާލަށް އެއޮތްގޮތަށް އޮވެ ނިދުނީއެވެ. މޯނާ އުފާވެފައި ހުރިވަރުން އޭނާއަށް ވަރުބަލިކަންވެސް އިޙްސާސެއް ނުކުރެވެއެވެ. އެތަށް އިރަކު ނަވާލަށް ބަލަހައްޓައިގެން އޮވެފައި އޮށޯންނަށް ބަލީސް ހަމަޖައްސާލި ތަނާ، ބާލީސް ދޭތެރެއިން ނަވާލުގެ ފޯނު ފެނިގެން އެޔާ ކުޅެލާ ހިތްވިއެވެ. ފޯނުގެ ޕެޓާން ކޯޑު ޖަހާލުމަށްފަހު އެންމެ ފުރަތަމަވެސް މޯނާއަށް ބަލާލެވުނީ ގެލެރީއެވެ. އޭގައި ނަވާލު ނަގާފައި ހުރި ފޮޓޯތައް ހުއްޓެވެ. ފޯނުގައި ހުރި ގިނަ ފޮޓާތައް ފެނި މޯނާގެ ހިތް ހުއްޓުނުކަހަލައެވެ. ދެލޯ ބޮޑުކޮއްލެވުނެވެ.

“ޝަބާ…” މޯނާއަށް ބުނެލެވުނެވެ. އަދި އަވަހަށް ތެދުވެ އިށީނުމަށްފަހު ކުރިއަށްވުރެވެސް ޝައުގުވެރިކަމާއިއެކު ގެލެރީގައި ހުރި ހުރިހާ ފޮޓޮއެއް ބަލާ ނިންމާލައިފިއެވެ.

“ކޮންއެއްޗެއްތަ ފޯނުން ތިވަރަށް ތިބަލަނީ” އިރުއިރުކޮޅާ އިއްޔެ އާއި މިއަދާ ޝަބާ ފޯނަށް ބަލާވަރުން ނާއިލަށް ނުހުރެވިގެން އަހާލިއެވެ.

“މީ ކަލަންޑަރު ބަލާލަނީ” ޝަބާ ބުނެލިއެވެ.

“ކިހިނެއްވީ، ޚާއްޞަ ދުވަހެއް އަންނަނީތަ” ނާއިލު އެނގެން ބޭނުންވިއެވެ. ޝަބާ ދެފަރާތަށް ބޯހޫރާލާފައި ހިނިތުންވެލައިގެން ހުރެ އައިސް އެނދުގައި އިށީނެވެ. ކޮޓަރީގައި ހުރި ޓީވީ އަށް ނާއިލު ބަލަހައްޓައިގެން އޮތްއިރު ޝަބާގެ ސިކުނޑީގައިވަނީ އެހެން ޚިޔާލެކެވެ. މިމަހު އޭނާއަށް ލޭނުފެނިގެން އެއުޅެނީ ކީއްވެބާއޭ ހިތަށް އަރަމުންދިޔައެވެ.

“ޝަބާ، ކަމެއް ބޭނުންވީތަ؟ ތިހެން ހާސްވެފައި އިނަސް އަހަންނަކަށް ނޭނގޭނެ، އަހަރެންމީ އެޑްވަރޑްއެއް ނޫނޭ، އެހެންނޫންނަމަތާ މައިންޑް ރީޑް ކޮއްލެވޭނީ” ސަމާސާ ރާގެއްގައި ނާއިލު މިހެން ބުނެލިއެވެ.

“ނާއިލުވެސް އެފިލްމު ބެލީތަ؟” ޝަބާ ފިކުރުތައް އެއްފަރާތްކޮއްލުމަށްފަހު ވާހަކަދެއްކިއެވެ.

“އަހަރެންވިއްޔާ ބަލައިގެން ނުވަނީތަ؟” ނާއިލު ހިނިތުންވެލައިގެން އޮވެ ބުންޏެވެ.

“ނޫނޭ، އެހެނެއްނޫން، އެމީހަކު ކުރަން ބޭނުންކަމެއް ކުރެވޭނެދޯ، ނާއިލު، ވާހަކައެއް ބުނަންވެފަ އެބައޮތް” ޝަބާ، ނާއިލުގެ ސަމާސާގައި ބައިވެރިވި ނަމަވެސް އޭނާގެ ސިކުނޑީގައި އުނދަގޫކުރަމުންދާ އެހެން ޚިޔާލެއްގެ މަތިން ހަނދާންވެ އެކަން ނާއިލު އާއި ޚިއްޞާކުރަން ބޭނުންވިއެވެ.

“އޭރުވެސް އަހަރެންގެ ހިތަށް އެރިއޭ، ޝަބާ ކޮންމެވެސް ކަމަކާ ވިސްނައޭ، ދެން ތިހެން ނީނދެ އަވަހަށް ބުނެބަލަ، އެއީ ކޮންވާހަކައެއްކަން” ނާއިލު ބުނެލިއެވެ.

“މާލެ މިއައީ އަހަރެންގެ ޗުއްޓީ ހަމަވެގެން ހަފްތާއެއްހާ ދުވަސް ފާއިތުވިފަހުން، އަހަރެން ޖެހޭނެ ލިޔުމެއް އެތަނަށް ގެންދަން، މާދަމާ މިއުޅެނީ އޮފީހަށް ނުކުންނަން ކަމަށް، އެކަމަކު އަހަރެން ނާއިލުގެ ހުރިހާ ކަމެއް ކޮއްދޭނަން، އެކަމާ ނާއިލު ކަންބޮޑުނުވައްޗޭ، ވަޒީފާއަށް ދިޔަޔަސް އަހަންނަށް ގޭގެ ހުރިހާ ޒިންމާއެއް އުފެލޭނެ” ޝަބާ ސީރިއަސްކަމާއިއެކު ބުނެލިއެވެ. ނާއިލު އެއްޗެއް ނުބުނެ ވިސްނާލިއެވެ.

“އެންމެ ރަނގަޅު” މިހެން ނާއިލު ބުނިއިރު، އެއީ އޭނާ ބޭނުންވާގޮތްކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. ނަމަވެސް ޝަބާގެ އުފަލަށް ހުރަހެއް އެޅިދާނެތީވެ ނާއިލު އެއްބަސްވީއެވެ.

“އަހަންނަށް ޑޮކްޓަރ ލިޔުމެއް…” ޝަބާ ބުނަން އުޅުނު އެއްޗެއް ނާއިލަށް ނަގައިގަނެވުމާއިއެކު ވާހަކަދައްކަން ފެށިއެވެ.

“އެކަން ހަމަ ޖެހޭނެ، އަހަރެން ތުއްތޮން ގާތު ބުނެލާއިރަށް ޑޮކްޓަރެއް އަތުން ލިޔުމެއް ހޯދަ ދީފާނެ، ހަވީރު ސަޔަށް ދާގަޑިވެސް ކައިރިވެއްޖެ އެންނު، ހިނގާ މަންމަގެ ގާޑަންތެރެއަށް ނުކުމެލަމާ، އެހެންލާފަ ވަށާލާފައި ގޮސް ބޮޑުކޮޓަރިތެރެއަށް ނުކުންނާނީ” ނާއިލު ހަމަޖެހިލައިގެން އޮވެ ބުނެލިއެވެ.

“ނާއިލު ހާދަ ރަނގަޅޭ، ކުރިން ދެން އަހަންނަށް އެފެނުނީ ހަމަ ތި ނާއިލްތަ” އެހުރިހާ ލަފްޒެއްއޮތީ ޝަބާގެ ހިތުގައެވެ. ބޭރަށް ފާޅުވީ ލުއިލުއި ހިނިތުންވުމެކެވެ. މަޑުމަޑުން ތެދުވުމަށްފަހު ލޯގަނޑު ކުރިމައްޗަށް ހުއްޓި އަޅާފައިވާ ޝޯލް ރީތިކޮއްލުމަށްފަހު  އެނބުރި ނާއިލުގެ ގޮނޑި އެނދާ ވަރަށް ކައިރިކޮށްލިއެވެ.

“ޝަބާއަށް އަހަރެން ނެގޭނެތަ” ޝަބާ ގާތްވެލުމުން ނާއިލަށް އަހާލެވުނެވެ.

“ނެގޭތޯ މަސައްކަތް ކުރެވިދާނެއެންނު، ނާއިލުވެސް މަސައްކަތް ކުރޭ އަހަންނަށް އެއްބާރުލުން ދެވޭތޯ” ޝަބާ ހިތްވަރުގެ ހިނިތުންވުމަކާއިއެކު ނާއިލު ނެގުމަށް އިހުނަށްވުރެވެސް ގާތްވެލިއެވެ. އަދި ނާއިލުގެ ދެއަތް ނަގާ ޝަބާގެ ކޮނޑުގެ ދެފަރާތަށް ލުމަށްފަހު، ނާއިލުގެ ބުރަކަށި ދަށަށް ދެއަތްލައްވާލުމަށްފަހު ބާރުލަމުން ނާއިލު އެނދުގައި ތެދުކުރުވިއެވެ. ފުރޮޅު ތަޅުލާފައި ހުރި ގޮނޑި އެނދާއި ޖެހިގެން އިނުމުން މާދުރަށް ނާއިލު ގެންދަން ނުޖެހުނަސް، ގޮނޑީގައި ނާއިލު ހަމަޖައްސާލެވުނު އިރު ޝަބާ ހުރީ ވަރުބަލިވެގެން ގޮސް ހަލާކުވެފައެވެ. މާނޭވާ ލަމުން އިރުކޮޅަކު ގޮނޑީގެ އަތްގަނޑުގައި ހިފަހައްޓައިގެން މަޑުކޮއްލުމަށްފަހު މާގަސްތަކާއި ދިމާލަށް ނިކުމެވެން ހުރި ދޮރު ހުޅުވާލާފައި ނާއިލު ނެރެން މަސައްކަތް ކުރިއެވެ.

ހަވީރުގެ ސައިގައި ނަވާލާއި މޯނާ ބައިވެރި ނުވުމުންވެސް އެކަން ޢާއިލާ ތެރޭގައި ބޮޑުކަމަކަށްނުވެއެވެ. އެމީހުން ކޮބާތޯ ބަލަންވެސް މީހަކު އެކޮޓަރިއަކަށް ނާދެއެވެ. ނިދާފައި އޮތް ނަވާލަށް ހޭލެވުނީ އަޑުގަދަ ކޮއްލާފައި ހުރި ޓީވީން މަޤްރިބު ނަމާދު ބަންގި ގޮވިއަޑައަށެވެ. ސިއްސައިގެން ގޮސް ހޭލެވުނު އިރު ކޮޓަރީގެ ހަތަރުފާރުވެސް އަޑުގަދަކަމުން ތެޅިލަ ތެޅިލާ ހުރިކަހަލައެވެ.

“މޯނާ… ތިތަންކޮޅެއް އަޑުމަޑުކޮއްލިޔަސް ބެލިދާނެއެންނު” ވަގުތުން ނަވާލުގެ ގާތަށް އައީ ރުޅިއެވެ. ހަމައެއާއިއެކު އެއްޗެއް ނުބުނެ ނަވާލުގެ ކޮމްޕިއުޓަރ ކުރިމަތީގައި ހުރި ބޮޑު ގޮނޑީގައި މޯނާ އިނދެފައި ރުޅިވެރިކަމުގެ ބަލާލުމަކުން ނަވާލަށް ބަލާލީ ބިރުވެރި ގޮތަކަށެވެ.

“ހޭލެވިއްޖެ ދޯ، މަމީނީ ނަވާ ނުހޭލައިގެންނޭ” މޯނާ ހަޅޭލަވާފަދަ ގޮތަކަށް ނިކަން ބާރަށް ބުނެލިއެވެ. ނަވާލުގެ ނިދިވެސް ފިލައިގެން ގޮސް ފުންމައިގެން ތެދުވެ ޓީވީގެ ރިމޯޓު ހޯދާ އޭގެން ޓީވީގެ އަޑުމަޑުކޮއްފިއެވެ. އަދި އެނދުމައްޗަށް ރިމޯޓު އެއްލާލި ގޮތަށް މޯނާ އާއި ކުރިމަތި ލިއެވެ. އެވަގުތު ނަވާލު ހުރީ ކޮންހާލަތެއްގައިކަންވެސް އޭނާ ހަނދާންނެތް ކަހަލައެވެ. ނޫނީ ގައިގާ އަންނައުނެއް ނުވާއިރުވެސް އެކަމަށް ގަސްދުގައި ފަރުވާލެއް ނުދިނީއެވެ.

“މަކުނެއްހެން ތިގޮނޑިއަށް އަރާ ތިއިންނަނީ، ދުނިޔޭން މޮޔަވީތަ” ނަވާލުވެސް ވަކި ދޫކުރުމެއްނެތި ބާރު ބާރަށް ހަޅޭލަވައި ގަނެއްޖެއެވެ.

“އާން… އާން… މޮޔަވީ، އަހަރެން މޮޔަކުރީ ނަވާއެންނު، މީގަ ހުރި ފޮޓޯތަކުގެ މާނައަކީ ކޮބާ، ކީއްވެ ނަވާލުގެ ފޯނުގައި ޝަބާގެ ފޮޓޯތަކެއް ހުންނަންވީ، އެވެސް އެއްފޮޓޮއަކުން އެތަށް އޭންގަލްތަކެއްގައި ނަގާފައި ހުރި ފޮޓޯތައް އެބަހުރި، ޝަބާގެ ނަގައިގެން ނުވާނެ ތަންތަނުގެ ފޮޓޯވެސް މީގަ އެބަހުރި…” މޯނާގެ ވާހަކަ ނުނިމެނިސް، ނަވާލު އައި ބާރުމިނުގައި މޯނާގެ އަތުގައި އޮތް ފޯނު ޖަހައިގަތެވެ.

“އަހަރެން މޯނާގެ ފޯނުގަ ހުންނަ އެއްޗެހި ބަލަންތަ، ތީ އަހަރެން ވަރަށް ފޫހިވާ ވައްތަރެއް، ފާރަލުމާ ޝައްކު ކުރުން، ތީދެން މޯނާއަށް ނުކުރެވިފަ އޮތްކަމަކީ، އަވަހަށް ކޮންމެވެސް މީހެއް ކައިރީ ކުޓުވަން ދާންވީނު” ނަވާލު ބުނެލިއެވެ. ރުޅި ގަދަވެގެންގޮސް ފަޅައިގެން ދާވަރުވެފައި މޯނާ އިންއިރު އޭނާގެ މޫނުވެސް ރަތް ޓޮމާޓޯއެކޭ އެއްވަރު ވާން އުޅެނީއެވެ. ތުންފިއްތާލާފައި ރޮވެން އުޅުމުން ފުންމައިގެން ގޮނޑިން ތެދުވެގެން އައިސް ނަވާލުގެ މޭގައި އަޅާ ކޮއްޕާލިއެވެ.

“އައި ހޭޓް ޔޫ… ނުލަފާ މީހާ… އަހަރެން އެރަށަށް ދާން ޤަބޫލު ނުވީ މިހެންވެގެން ދޯ، އަހަރެން ދިޔައީމަ ޝަބާގެ ހިތްހަމަ ނުޖެއްސިދާނެތީވެ…” މޯނާގެ އަޑުން ހީވަނީ ހަމަ ދެންދެންމެ ރޯން ފަށާފާނެ ހެންނެވެ. އޭނާ ނަވާލުގެ މޭގައި ތަޅައިގަތެވެ. ވަގުތުން ނަވާލު، މޯނާ އެނދުމައްޗަށް ވާގޮތަށް އެއްލާލިއެވެ. އަދި އަވަސް ހިނގުމުގައި ގޮސް ފާޚާނާއަށް ވަނެވެ.

“ޝިޓް…” ފާޚާނާގެ ތަޅުލެވިފައި ހުރި ދޮރުގައި އެއްއަތުން ހިފަހައްޓާލައިގެން ހުރުމަށްފަހު މިހެން ބުނެ އަނެއްއަތުން ޓައިލްސް ޖަހާފައި ހުރި ފާރުގައި ޖެހިއެވެ. މޫނު ދޮންނަ ތަށިކައިރި ހިލަގަނޑުމަތީ ފޯނު ބާއްވާލުމަށްފަހު ޝަވަރ ކާޓަން އެއްފަރާތް ކޮއްލަމުން ނަވާލު ފެންވަރާލުމަށް މާގަނޑުދަށަށް ވަނެވެ.

ފެންވަރައިގެން ނުކުންއިރު މޯނާ އެނދުގައި ހުރި ކުޝަންތައް އެއްކޮށްގެން އޭގައި މޫނު ފޮރުވާލައިގެން އޮވެ ގިސްލަ ގިސްލާފައި ރޯއަޑު ނަވާލަށް އިވުނެވެ. ކުޑަކުޑަ ހިނދުކޮޅަކަށް ނަމަވެސް ނަވާލަށް ހުއްޓި މޯނާއަށް ބަލާލެވުނެވެ. އެހެންނަމަވެސް މޯނާއަށް ހުރިހާ ވާހަކައެއް ކިޔާދީ، ކަމުގެ ހަޤީޤަތް އޮޅުން ފިލުވާދޭނޭހާ ހިތްވަރެއް ނަވާލަކަށް ނުލިބުނެވެ. އެހެންވެ އިތުރު ވަގުތުތަކެއް ބޭކާރު ނުކޮށް ރީތިވެލައިގެން ކޮޓަރިން ބޭރަށް ނުކުތެވެ.

މޯނާ ހިތްހަމަ ޖެހޭވަރަށް ރުއިމަށްފަހު ތެދުވެ ކޮޓަރީގައި ހުރި ނަވާލުގެ ސެންޓުފުޅިތަށް ތަޅާލިއެވެ. އޭނާ އެވަރަށް ރުއީމަވެސް ނަވާލުގެ ހިތަށް ރަޙުމުގެ ކަންފުޅެއްވެސް ނުވަނޭ ހިތާއެވެ. އަދި އަތުގައި ތޫނު އެއްޗެއް ނުޖެހުމުން ކޮމްޕިއުޓަރ ޓޭބަލް މަތީ ހުރި ސްޓޭޝަނަރީ ސެޓުން ގަލަމެއް ނަގާ ނަވާލުގެ ޚާއްޞަ ގޮނޑީގެ ކަވަރުގެ ތެރެއަށް ވައްދާލުމަށްފަހު ދަމައިގަތް ގަތީނުން އޭގެ ލެދަރު ކަވަރު ހަލާކުކޮއްލިއެވެ. އެހުރިހާ އެއްޗަކާއި ދިމާލަށް އެތަށް އިރަކު ބަލަން ހުރެފައި އެކޮޓަރިން ނުކުތީ އޭނާގެ ސިކުނޑިއަށް އެއްވެސް ހަމަޖެހުމެއް ނުލިބުމުންނެވެ.

މޯނާ ބޮޑު ކޮޓަރީގެ ސޯފާގައި އެކަނިމާ އެކަނި އިންދާ ޝަރުމީލާގެ އަޑު ފަހަތުން އިވުނެވެ.

“މޯނާ، ކިހިނެއްވެފަ އަނދިރީގަ ތިއިންނަނީ، ލައިޓުގެ އަލި ގަދަކޮއްލި ނަމަ” ޝަރުމީލާ އައިސް މޯނާގެ ކުރިމަތީ ގޮނޑީގައި އިށިންނަމުން ބުނެލިއެވެ. އަދި ސޯފާގެ އެއްފަރާތުގައި ހުރި ކުޑަ ބިއްލޫރި މޭޒުގެމަތީގައި އޮތް ރިމޯޓު ނަގާ މަތީގައި އެލުވާފައިވާ ޗާންދަލީޔާގެ އަލި ގަދަކޮއްލިއެވެ. އޭރުވެސް އެއްފައި މައްޗަށް އަނެއްފައި ލައިގެން މޯނާ އިންގޮތަށް އިނީއެވެ.

“މޯނާ… މޯނާ…” ޝަރުމީލާ ބުނިއެއްޗެއް އަޑުނީވިއެއް ނުދާނެކަން އޭނާއަށް އެނގޭތީ ކުރިއަށްވުރެ ބޮޑަށް މޯނާއަށް ސަމާލުކަން ހުއްޓާލަމުން ދެތިންފަހަރު ގޮވާލިއެވެ.

“ހޫމް…” މޯނާ މަޑުމަޑުން ހޫންލައްވާލިއެވެ.

“ކިހިނެއްވީ، ހާދަ ބޮޑު ފިކުރެއްގައި އިންހެން ހީވެޔޭ، ހުރިހާ ކަމެއް ރަނގަޅުތަ، މިފަހަރު ބޭރަށް ގޮސްފަ ރީތި އެއްޗެއް ނުގެންނަންތަ” ޝަރުމީލާ އޭނާގެ ރާގުގަނޑުގައި އަހާލިއެވެ.

“ވަރަށް އެމަރޖެންސީކޮށް އައީމަ ނުގެނެވުނު އެއްވެސް އެއްޗެއް” ރުއިމުގެ ސަބަބުން ކުރެހިފައިވާ އަޑަކުން މޯނާ ބުންޏެވެ. އެއާއިއެކު ޝަރުމީލާއަށް ޔަގީންވެއްޖެއެވެ. މޯނާ އެތާއިނީ އާދައިގެ ކަމެއްވެގެން ނޫންކަމެވެ. އިންތަނުން ތެދުވެގެން އައިސް މޯނާގެ ދާދި ގާތުގައި ޝަރުމީލާ އިށީނދެއްޖެއެވެ.

“ދައްތަ ގާތު ބުނެބަލަ، މޯނާ ވަރަށް ދެރަވެފައި އިންކަން އެނގޭ، ތިހާ މަޑުމޮޅި ގޮތަކަށް މޯނާ އިންތަނެއް ދައްތަ ދުވަހަކުވެސް ނުދެކެން، ކިޔާދީބަލަ… އޭރުންތާ ދައްތައަށްވެސް ލަފައެއް އެރުވޭނީ” ޝަރުމީލާ އޯގާތެރިކަމާއިއެކު މޯނާގެ ބުރަކަށީގައި ފިރުމާލާފައި ބުންޏެވެ. އެއާއިއެކު ފުނޑުފުނޑުވެގެން ފޭބި ބިއްލޫރިކޮޅުތަކެއްހާ ނާޒުކްކަމާއިއެކު ޝަރުމީލާގެ ކޮނޑުގައި މޯނާ ބޯއަޅާލުމާއިއެކު ރޯންފެށިއެވެ.

“މަންމަ މަތިން ހަނދާންވަނީ، ގެއަށް ދާން ބޭނުންވަނީ… މިގޭގަ އުޅޭކަށް ބޭނުމެއްނޫން” ކުޑަކުއްޖަކު ފަދައިން މޯނާ ރޮމުން މިހެން ކިޔެވެ. ހައިރާންވެފައި ޝަރުމީލާއަށް މޯނާ ގަޔާއި ކައިރިކޮއްލެވުމާއިއެކު މަޑުމަޑުން މޯނާގެ ބޮލުގައި ފިރުމަން ފެށިއެވެ.

“މޯނާ، މީވެސް ހަމަ މޯނާގެ ގެއެންނު، ސަމީރައްތައަކީ ވަރަށް ރަނގަޅު މީހެއް، މޯނާ ދެރަވެގެން އުޅޭކަން އެނގިއްޖެއްޔާ، ސަމީރައްތަ ވަރަށް ކަންބޮޑުވާނެ، އޭރުން މޯނާ އާއި އެތަށް ސުވާލެއް ކުރާނެ، އަނެއްކާ އިރުކޮޅަކުން އެންމެން ނުކުންނާނެ އަށެއްގެ ޚަބަރު ބަލަން، އެގަޑީގަ ބޭބެވެސް އިންނަވާނެ، މޯނާ ރޯތަން އެމީހުންނަށް ފެނިއްޖެއްޔާ ދެންވާނީ ކިހިނެއް” ޝަރުމީލާ ބޭނުންވީ މޯނާއަށް ދިމާވެގެން އުޅޭކަންތައް ޢާއިލާގެ ހުރިހާ މެންބަރުންނަށް އެނގުމުގެ ބަދަލުގައި އެކަން އޭނާ ހޯދުމަށްފަހު ޚައްލު ކޮއްދިނުމަށެވެ.

މޯނާ، ޝަރުމީލާ ދެއްކި ވާހަކަ އާއިމެދު ވިސްނާލާފާއި ބޯހިއްލާލަމުން ދެލޯ ފޮހެލައިފިއެވެ. އަދި ކުރިން އިންގޮތަށް މަޑުމަޑުން އިންނަން ފެށިއެވެ.

“އެއްޗެއް ނުބުނެ އިނުމަކުން ކަމަކު ނުދާނެ، ވެގެން އުޅޭގޮތެއް ދައްތައަށް ބުނެދީބަލަ” ޝަރުމީލާ އާދޭހުގެ ރާގެއްގައި ބުންޏެވެ.

“ކަމެއްނުވޭ…” ފިރިމީހާގެ ވާހަކަ އެހެން މީހުން ގާތުގައި ދެއްކުމަކީ މޯނާއަށް ކުރަން އެންމެ އުނދަގޫ ކަންތަކެވެ. އަނެއްކޮޅުން ފިރިމީހާގެ ޢާއިލާގެ މެންބަރެއް ގާތު ފިރިމީހާގެ ގޯސް ވާހަކަ ދެއްކުމަކީ މޮޔަކަމަކަށް ނޫނީނުވާނެއެވެ.

“ކޮންމެވެސް ކަމެއްވެއްޖެ، މޯނާ ބުނަން ބޭނުންނުވަންޏާ ނުބުނޭ، އެކަމަކު ކަމެއް ނުވެޔޭ ނުބުނޭ، ހަނދާންކުރައްޗޭ، މޯނާ ކޮންމެ ވާހަކައެއް ދެއްކިނަމަވެސް ދައްތަ އެވާހަކައެއް އަޑުއަހާނަން، ސިއްރު ހިފަހައްޓަން ޖެހޭވަރުގެ ކަމެއްނަމަ، ސިއްރުވެސް ހިފަހައްޓާދޭނަން، އެއްފަހަރުވެސް އިތުބާރު ކުރީމަ އެނގޭނަ މިއީ ތެދެއްކަން” ޝަރުމީލާ ބުނެލިއެވެ. މޯނާ ބޯޖަހާލަމުން އަނެއްކާވެސް ދެއަތްތިލައިން މޫނު ފޮހެލައިފިއެވެ. ދެމީހުންވެސް އެއްޗެއް ނުބުނެ ޓީވީ ހުޅުވާލައިގެން އެއަށް ބަލަހައްޓައިގެން ތިއްބެވެ. ކުއްލިއަކަށް ނާއިލުގެ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ޝަރުމީލާ ފަހަތް ބަލާލިއެވެ.

“އޭ ޝަބާ، ބަދިގެ ފަރާތަށް ދަންޏާ މަށަށް ފެންތައްޓެއް ގެނެސްދެއްޗޭ” ޝަރުމީލާ ފޫހިވެފައި އިން ރާގެއްގައި ބުނެލިއެވެ. އޭނާއަށް ޝަބާ ފެންނަ ކޮންމެ ފަހަރަކު އެވަނީ ކިހިނެއްކަމެއް ނޭނގެއެވެ. އަދިވެސް އޭނާ ޝަބާ އަކާއި މާ ގަޔާވެގެން ނޫޅެއެވެ. އޭގެ ބަދަލުގައި އޭނާ ދެކެނީ، އެގޭގައި އުޅުމަކީ ޝަބާގެ ފެންވަރެއްނޫންކަމެވެ. ސަމީރާ އެގެއަށް ޝަބާ ފަދަ އަންހެން ކުއްޖެއް ގެންނަން ހަމަޖެއްސި ދުވަހުވެސް ޝަރުމީލާގެ ޚިޔާލަކީ، އެއީ ނާއިލާއި އަދި އެމީހުންގެ ޢާއިލާ އާއިވެސް ލާއިޤުވެގެން ނުވާ އަންހެން ކުއްޖެއް ކަމުގައެވެ. އޭނާގެ ނިންމުމަށް ސަމީރާ ޤަދަރެއް ނުކުރިއެވެ. އެގެއިން ޝަބާ ފެންނަނީ އެހެންވެގެންނެވެ. ސަމީރާ އާއި ޝަރުމީލާއަކީ އެއްބަނޑު އެއްބަފާ ދެބެންކަމުގައި ވިޔަސް ދެމީހުންގެ ނަޒަރިއްޔާތު ވަރަށްވެސް ތަފާތެވެ. ޝަބާ އާއިމެދު ދެކޭގޮތް ތަފާތުވަނީ އެހެންވެއެވެ.

ޝަބާ މަތިޖަހާފައިވާ ބިއްލޫރިތަށިގެނެސް ޝަރުމީލާއަށް ދިއްކޮއްލިއެވެ. އަދި އެތަނުގައި މޯނާ އިނީތީވެ އޭނާއަށް ހިނިތުންވެލިއެވެ. އެހެންނަމަވެސް މޯނާއިނީ ރުޅިމޫނު ހަދައިގެންނެވެ.

“މި ތަށި ދޮވެފަތަ ތިގެނައި” ޝަރުމީލާ އެހިގޮތުން ހީވީ ސާހިބު މީހާ އޭނާގެ ނޯކަރުގެ ދެކެ ހިތްހަމަ ނުޖެހިގެން ބުނިހެންނެވެ.

“ލައްބަ” ކިޔަމަންތެރި ކަމާއިއެކު ޝަބާ ބުނެލިއެވެ. ޝަރުމީލާގެ ފާޑެއްގެ ގޮތެއް ހުންނަކަން ޝަބާއަށްވެސް ފާހަގަ ކުރެވެއެވެ. އެހެންނަމަވެސް އެކަމާ އޭނާ ގަސްދުގައި އަޅާނުލަނީ މަޞްލަޙަތަށްޓަކައެވެ. ކުދި ކުދި ކޫސަނި ކަންތައްތަކާ ފިކުރު ހިންގުމަކީ އޭނާގެ އާދައެއްވެސް ނޫންވީމައެވެ.

“އެކަމަކު މީގެން ފާޑެއްގެ ވަހެއް އެބަދުވާ” ޝަރުމީލާ ނުރުހިފައި އިނދެ ފެންތަށި ޝަބާއަށް ދިއްކޮއްލިއެވެ. އޭނާ ކޮންމެހެން ފެންބޮވައިގަނެގެން ގެނައި ފެންތައްޓެއް ނޫންވީމާ އެތަށީގައި ހުރި ފެން އެއްކޮށް ބޮއެ ހުސްކޮއްލުމުގެ އެއްވެސް ގަސްދެއް ޝަރުމީލާގެ ނެތެެވެ. ބޭނުންވަނީ ޢާއިލާގެ އެހެން މީހުން ކުރިމަތީ ޝަބާގެ އަގުވައްޓާލާ ދެރަނިކަމެތިކޮއްލާށެވެ. މިއީ އޭނާގެ ފެންވަރެއްނޫންކަން އަންގާލާށެވެ.

“އަހަރުމެން ހެދުންބުރި ލައިގެން އުޅުނަސް އަހަރުމެން ފަހަތަކުން ފިރިހެނުންނެއް ނާދޭ، އެކަމަކު މީނާ ބޮޑުޖުއްބާ އަޅާފައި ހުންނައިރުވެސް ފިރިހެނުން އެވަރު، އަހަރުމެންނަށްވުރެ މާ ކާމިޔާބު” އާންމުކޮއްވެސް އަނގަގަދަ މޯނާއަށް އެއްޗެއް ނުބުނެއެއް ނީނދެވުނެވެ. ޝަބާ ހައިރާންވެފައި މޯނާއަށް ބަލާލީ އޭނާ އެބުނި އެއްޗެއްގެ މާނަ ދޭހަނުވެގެންނެވެ. އެހެންނަމަވެސް ރަނގަޅު ވާހަކައެއް ނޫންކަން އެބުނީ ޝަބާއަށް އިޙްސާސް ވުމާއިއެކު އަވަހަށް ޝަރުމީލާ ދިއްކޮއްލި ފެންތަށި ހިފައިގެން ބަދިގެއާއި ދިމާލަށް ހިނގައިގަތެވެ. މޯނާ ބުނި އެއްޗަކުން ހައިރާންވެފައި އިން ޝަރުމީލާ ވަރަށްވެސް ފުން ނަޒަރަކުން މޯނާއަށް ބަލަންފެށިއެވެ. މޯނާގެ ނަޒަރުވަނީ ޝަބާއަށް ހުއްޓިފައެވެ.

“މި އަންހެން ކުއްޖާ މޯނާއަށް ކުރީ ކީއްބާ، މި ދެމީހުންގެ މެދުގައި ކަމެއް ހިނގައިފި، ހުރިހާ ކަމަކަށްވުރެ މިކަމެއް ހޯދުން މުހިންމު، އޯ… މިވީ މާ ރަނގަޅަށް، މޯނާގެ ބޯކާލުމަކީ އެއްވެސް ކަމެއްނޫން” ރުޅިވެރިކަމާއިއެކު މޯނާ ބަލަމުން ދިޔަގޮތުން ޝަރުމީލާގެ ހިތަށް އަރަމުންދިޔައެވެ.

“ސަމީރައްތައަށް އެ އަންހެން ކުއްޖާގެ ފަރާތުން ފެނުނީ ކޮންކަމެއްބާއޭ ހިތަށްއަރާ، ބައެއް ފަހަރު ދައްތަ ހިތަށް އަރަނީ އޭނާ އުޅެނީ މާ ރަނގަޅު ކަމަށް ހެދިގެންނޭ، މީހުންގެ ސަމާލުކަން ހޯދަންވެގެން، އަސްލު ވަރަށް ވިޔާނުދާ އުޅުމެއްނެތް ކުއްޖެއްކަންނޭގެ އެއީ” ޝަރުމީލާއަށް މިއެޅެނީ އަލިފާނަށް ޕެޓުރޯލުކަން ކޮންމެވެސް ވަރަކަށް އެނގެހުރެ ބުންޏެވެ.

“ޝީޒް އަ ޗީޕް ބިޗް، އަމިއްލަ ފިރިމީހާ ކައިރިން ނުފުދިގެން އެހެން ފިރިހެނުން ކައިރިއަށް ދާ ކަހަލަ އަންހެނެއް އެއީ” ރުޅިގަދަވެފައި ޝަބާ ގޮސް ގެއްލުނު ދިމާލަށް ބަލަހައްޓައިގެން އިނދެ މޯނާ ބުންޏެވެ.

“ނާ ހަމަ ތެދެއްތަ، މޯނާ… ކޮއްކޮއަށް އެކަހަލަ މަންޒަރެއް ފެނުނީތަ” ދުވަހަކުވެސް ކަމަކާ ޝައުގުވެރިކަން ފާޅުނުކުރާހާ ވަރަށް ޝަރުމީލާ އިނީ އޭނާއަށް އަޑުއިވެން އުޅޭ ވާހަކައަށް ކަންފަތް ދިއްކޮއްގެންނެވެ.

“އޭނާއަށް އުޅެވޭގޮތް އޭނާ އަކަށްނު އެނގޭނީ، މަ ވަރަށް ފޫހިވޭ އޭނާދެކެ، ފެނުނަސް ހިތަށް އަރާ ކާލަ ފާނަމޭ، ނޫނީ އެބޮޑު ހެދުން އިރާ ކުދިކުދި ކޮއްލާ އެންމެގެ ތެރޭ އޭނާ އޮރިޔާންކޮށް ލަދުގަންނަވާލަ ފާނަމޭ” ރުޅި ގަދަވަމުންދިޔަ މޯނާ ދަތްކުނޑި ވިކާލިއެވެ.

“ތިވަރުކުރާކަށް، ޝަބާ ކޮއްކޮއަށް ކުރީ ކީއްތަ؟” ޝަރުމީލާ އަހާލިއެވެ.

“އެގޮތްކުޑަ އަންހެން މީހާ އުޅެނީ އަހަރެންގެ ނަވާލު ބޭނުންވެގެން” މޯނާގެ އަނގައިން ބަސްތައް ނުކުތީ ކިހިނެއްކަންވެސް ޚުދު އޭނާއަކަށްވެސް ނޭނގުނެވެ. ދުލުން ބޭރުވުމަށްފަހު އަނބުރާ ބުނެވުނު އެއްޗެއް ގެންދެވޭނެ އެއީ ނެތްގޮތެކެވެ. ފުންނޭވާއެއް ބޭރުކޮއްލެވުމާއިއެކު މޯނާއަށް އިސްޖަހާލެވުނެވެ. ރުޅި އާއިއެކު ބޭރުވާ ޖުމްލަތަކަކީ ފަހުން އެކަމާ ދެރަވާން ޖެހޭވަރުގެ ކަމަކަށް ވެދާނެއޭ މޯނާގެ ހިތަކަށް އެވަގުތަކު ނޭރިއެވެ.

“މާތްކަލާކޯ، ތީ ހަމަ ތެދެއްތަ، މޯނާއަށް ޔަގީންތަ” ޝަރުމީލާ ހީކުރިވަރަށްވުރެ ކަންތައްމިވަނީ ގޯސްވެފައެވެ.

“ހެކި ފެނިގެންނޭ މިހެން މިބުނީ، އެދެމީހުންގެ މެދުގައި ކޮންމެވެސް ކަމެއް އޮވޭ، މީހަކަށް ޝައްކުވެސް ނުވާނެ ފަދަ ގޮތަކަށް” ބުނެވުނީތީ އިތުރަށް ސިއްރުކުރާކަށް މޯނާ ބޭނުމެއްނުވިއެވެ.

“ކޮންއިރަކު ތިކަމެއް މިގޭ ތެރޭގައި ހިނގަނީ، މޯނާއަށް ފަޅާއެރީ ކިހިނެއް” ޝަރުމީލާ އަވަސް އަވަހަށް އަހާލިއެވެ.

“އަހަންނަށް ފެނުނީ ނަވާގެ ފޯނުން، ޝަރުމީލައްތާ، މިކަމެއް ހިނގީ ރާއްޖެތެރޭގައި އެމީހުން ތިބިއިރު” މޯނާ ދެރަވެފައި ބުންޏެވެ.

“އަޅެ ނުލަފާ އަންހެން ކުއްޖެއްނު، ޕިސް ޕިސް ޕިސް… ލަދުހަޔާތްވެސް ނެތީ އޭނާގެ، ރަނގަޅަށްވެއްޖެއްޔާ އަހަރުމެންގެ ނަވާލު ވާވައްދާލައިގެން އެއުޅެނީ އޭނާ، ނަވާލު އޭނާ ކަހަލަ އަންހެނަކަށް ބަލާވެސް ނުލާނެކަން އަހަރުމެންނަށް ރަނގަޅަށް އެނގޭނެ، އެދެމީހުންގެ މެދުގަ ތިބުނާ ކަހަލަ ގުޅުމެއް އުފެދޭނީ ހަމަ އެ އަންހެނާއި ހެދި، ދައްތައަށް ހަމަ ޔަގީން، މިކަމުގަ ނަވާލު ގޯހެއް ނުކުރާނަން ދައްތަ، އެކަހަލަ އަންހެނުންގެ އަތްދަށުވެއްޖެޔާ އަދި ނިކަން ނޮހޮރޮއްޕާންވެސް ބޮޑުވާނެ” ޝަރުމީލާ ބުނެލިއެވެ.

“މިކަހަލަ ތާކުން ތާކު ނުޖެހޭ މީހުން ގެއަށް ވެއްދީމަ ހަލާކުވެގެން ދަނީ އަހަރުމެންގެ ޢާއިލީ ގުޅުންތައް، މަންމަވެސް އަހަންނަށްވުރެ އިސްކަން ދޭނެ އެ ޝަބާއަށް، މިއިން އެއްވެސް ވާހަކައެއް މަންމަ ޤަބޫލު ނުކުރާނެކަން އަހަންނަށް ޔަގީން” މޯނާ ދެރަވެފައި އިސްޖަހާލައިގެން އިރުކޮޅަކު އިނދެފައި ބުނެލިއެވެ.

“ސަމީރައްތަ އާއި ހަމައަށް މިކަން ގޮސްފިއްޔާ ވަރަށް ބޮޑު ކަމަކަށް ވެގެން ދާނެ، އެއީ ކަންނޭގެ ރަނގަޅު ގޮތަކީވެސް، އޭރުން ޝަބާގެ އަސްލު އެމީހުންނަށް ފެންނާނީ، އެހެންނޫނީ މޯނާ މަޑުމަޑުން ނުހުރެ މިކަމަށް ފިޔަވަޅެއް އަޅަންވީނު…” ޝަރުމީލާގެ ވާހަކަ މުޅިން ނުނިމެނިސް މޯނާ ވާހަކަދައްކަން ފެށިއެވެ.

“އޭނާގެ ވާހަކަ ނަވާލުގެ ގާތުގައި ދެއްކުމުން އެދިޔައީ ގޭން ނުކުމެގެން، އެކަމަކު ގެއަށް އަންނައިރަށް އަންގާނަން، ޝަބާގެ ކަންތައްތައް ފަޅާ އަރުވާނުލަނިސް ނާއިލު އެކަން ހުއްޓާލާށޭ، އެހެންނޫނީ ޝަބާގެ ވާހަކަ ހިފައިގެން މަންމަގެ ގާތަށް އަހަރެން ދާނަމޭ” މޯނާގެ ދިގުކޮއްފައިހުރި ނިޔަފަތިތަކުގެ ކޮޅު ލައިގެން އިން ޖިންސުގައި ހާކަމުން ދިޔައިރު ހީވަނީ ޖިންސުގެ ކަކޫކޮޅު ފަޅާލަން އުޅޭހެންނެވެ. ތުންފިއްތަ ފިއްތާފައި ރުޅި ގަނޑު ކޮންޓްރޯލު ކުރެވޭތޯ އޭނާ މަސައްކަތް ކުރަމުންދިޔައެވެ. ޝަރުމީލާ ޖަވާބުގައި ބުނާނެ އެއްޗެއް ނޭނގިފައި ކުޑައިރުކޮޅަކު ވިސްނާލަން އިނދެވުނެވެ. ކުއްލިއަކަށް ތެދުވި މޯނާ ހިނގައިގަތީ އޭނާގެ ކޮޓަރި އާއި ދިމާލަށެވެ. އަވަސް އަވަހަށް އަތްދަބަސް އަޅުވާލައިގެން ރީތިވާ މޭޒުމަތީ އޮތް ކާރުގެ ތަޅުދަނޑިފަތި ނަގައިގެން އޭނާ ނުކުތީ ގޭން ބޭރަށް ދިއުމަށެވެ. ރަޙުމަތްތެރިންނާއިއެކު ބޭރުގައި އުޅެލުމުން މޯނާގެ ސިކުނޑިއަށް ހަމަޖެހުމެއް ލިބިދާނެކަމުގައި ހީކޮށެވެ.

* * * *

ޝަބާ އޮފީހަށް ނުކުން ފުރަތަމަ ދުވަހުވެސް މާޖިދުގެ އުނދަގޫ އޭނާއަށް ފޯރައިފިއެވެ. އޮފީހުގައި ނާއިލާއި އޭނާގެ ޢާއިލާގެ ވާހަކަ ދައްކަން ބޭނުންނުވާއިރުވެސް މާޖިދު ބޭނުންވީ ޝަބާގެ ދަތުރު ހޭދަވެގެން ދިޔަގޮތާއި މެދު ވާހަކަދައްކާލާށެވެ. އަދި އޭނާ އަސްލަމް އާއި ބައްދަލުކޮއްލަން ބޭނުންވާ ވާހަކަ ޝަބާ މެދުވެރިކޮށް އަސްލަމްގެ އަރިހަށް ފޯރުކޮއްދިނުމެވެ.

“މަށަށް ހީވަނީ ދެން މާގިނަ ދުވަހެއްނުވެ، ރުޝްދާ އޭނާގެ ކެބިންއިން ބޭރުކޮއްފައި ޝަބާ އެތަނަށް ވައްދަފާނެހެން” ޝަބާ އައިސް އޭނާގެ މޭޒުގެ ދޮށުގައި އިށީނުމާއިއެކު ކުރިމައްޗަށް ހުރި މޭޒުގެ ދޮށުގައި އިން ޖީޒާ ބުނެލިއެވެ.

“ދައްކާ ހަޑިވާހަކަ” ޝަބާ ލޯއަޅާލަމުން ބުނެލިއެވެ. ކައިރީގައި ހުރި މޭޒުތަކުގައި އަޑުއިވޭ ހިސާބުގައި ތިބި ދެތިން ކުއްޖަކު ހީނލިއެވެ. އޭގެ ތެރެއިން އެއްކުއްޖަކު ބުނެލިއެވެ.

“އެހެން ބުނާނެއެންނު، ޝަބާގެ ޗުއްޓީ ހަމަވިތާ ކިތަންމެ ދުވަހެއްފަހުން ތިނުކުތީ އޮފީހަށް، އެކަމަކުވެސް މާޖިދަށް އެކަން ފާހަގައެއް ނުކުރެވުނު، އެހެންނޫންނަމަ އެކަމާ ފިޔަވަޅު އެޅީހެންނު… އަހަރުމެން މީހަކު ނިކަން އެކަހަލަ ކަމެއް ކޮއްލަ ބަލަ، ނޭގެ ވަޒީފާގަވެސް ބަހައްޓާނެ ކަމެއް، މިތާ އެންމެނަށްވެސް އެނގޭނެ މާޖިދު ގަޔާވާގޮތެއް ހުންނަ ކޮންމެ ކުއްޖަކަށް މިއޮފީހުގައި އުޅެން ވަރަށް ފަސޭހަވާނެކަން، އެހެންނު ވާނީ ނުވާނެ ކަމެއްނޯންނާނެވިއްޔަ، މީގެ ކުރިން ޝަބާ މިއޮފީހުގަ އުޅޭކަންވެސް އެމާޖިދަށް ނުފެންނާނެ، އެއްޗެއް ބުނަންވިޔަސް އަހަރުމެންގެ މީހަކަށް ގޮވާފަ ބުނާނީ ޝަބާގާތު މިހެން ބުނެބަލަ އެހެން ބުނެބަލަ، އަނެއްކާ ދުވަހަކުވެސް ޝަބާ އެއްޗެއް ހިފައިގެން އޭނާގެ ކެބިންނަށް ދާކަށް ނުބުނެއެންނު…”

“އަހަރެން ބޭނުމެއްވެސް ނޫން އެހެން އުޅޭކަށް، ކުރީގަ މާފަސޭހަ މިތަނުގައި އުޅެން، އަހަރެން ނޫޅެން މާޖިދުގެ ޕީއޭއަށް ނުވެވިގެންނެއް، އެންމެ ފުރަތަމަ މިއޮފީހުގެ ވަޒީފާއަށް އައި ޝަބާ މިއަދުވެސް ތިފެންނަނީ، އަހަންނަކަށް ބަދަލެއް ނާދޭ، އަހަރެން މާޖިދުގެ ސަމާލުކަން ހޯދާކަށް އެއްވެސް ކަމެއް ނުކުރަން” ޝަބާ އޭނާގެ މަސައްކަތް ކުރިއަށް ގެންދަމުން ބުނެލިއެވެ.

ޝަބާ ކޮޓަރީގައި ނެތުމުން ނާއިލަށް އެހުސްކަން އުނދަގޫކުރުވިއެވެ. ހެނދުނު ހެނދުނާ ޝަބާ އޮފީހަށް ދިއުމުގެ ކުރިން ނާއިލާއި ދެމީހުން އެކުގައި ސައިބުޔެވެ. އޭރު އަދި ގޭގެ އެހެން މީހުން ކާމޭޒުދޮށަށް ނާދެއެވެ. ސަމީރާއަށް ޝަބާ އޮފީހަށް ނުކުންކަން އެނގުމުން އެކަމާ ނާއިލާ ސުވާލުކުރިއެވެ.

“ދަރިފުޅު ބުނަންވީނު ޝަބާ ގާތު ދެން ގޭގަ މަޑުކުރަންވީނުންހޭ، މަންމަ އެހާ ބޭނުމެއްނޫން ޝަބާ އޮފީހަށް ފޮނުވާކަށް، ކުރިންވެސް ދަރިފުޅު ބުނެގެން އެކަމާ އެއްޗެއް ނުބުނީ” ސަމީރާ ގަސްތަކުގެ ދޮންވެފައި ހުރި ފަތްތައް ކަތުރުން ކަފަމުން މުށިގަނޑުތެރެއަށް އެޅިފައި ހުރި ކުނި ބުނި ނަގަމުންދިޔައެވެ.

“މަންމާ، ޝަބާއަށްވެސް އެނގެޔޭ ވަޒީފާއަކަށް ނުދިޔަސް މިގޭ މީހުން އޭނާ ބަލާނެކަން، އަޅުގަނޑު އޭނާ ބަލާނެކަން، އެކަމަކު އެއީ އޭނާގެ ހިތްހަމަޖެހުމާ ގުޅިފަވާކަމެއް، އެހެންވީމަ އަޅުގަނޑު ބޭނުމެއްނޫން އޭނާގެ އެއްވެސް ހިތްހަމަޖެހުމަކަށް ހުރަސް އަޅާކަށް، މަންމަވެސް މިވާހަކަ ޝަބާ އާއި ދައްކާކަށް އަޅުގަނޑު ބޭނުމެއްނޫން” ނާއިލު އޭނާގެ ޚިޔާލު ފާޅުކުރިއެވެ.

“ކޮންއިރަކުން ދެން ޝަބާ ގެއަށް އަންނާނީ” ސަމީރާ އެހިއެވެ.

“ބުނި މެންދުރު އަންނާނެ ވާހަކަ” ނާއިލު ހިތްހަމަޖެހިލާފައި ބުނެލިއެވެ. އޭނާ އެއިނީ ޝަބާ ދެކިލާ ހިތްވެސް ވެފައެވެ. ކުރިމަތީގައި އުޅޭތަން އަބަދުހެން ފެނިފެނިފައި ކުއްލިއަކަށް ފެނުން މަދުވީމަ ނާއިލުގެ ހިތްވަނީ ނުތަނަސްވެފައެވެ. މެންދުރުވުމާއި ޖެހެންދެން ބާކީ އޮތް ހުރިހާ ވަގުތެއްހެން ނާއިލު ހޭދަކުރީ މީކާ އާއިއެކުއެވެ.

ގަޑިއަށް އަވަސް ނަޒަރެއް ޝަބާ ހިންގާލިއިރު ބާރަގަޑި ފަނަރަ ހިނގަނީއެވެ. އަވަސް އަވަހަށް މޭޒުގެ ވަތްގަނޑު ތަޅުލާފައި ކީބޯޑު ކައިރީ ހުރި ލިޔުންތައް ނަގާ މޭޒުމަތީ ހުރި ޓްރޭއަށް ލުމަށްފަހު އޮފީހުން ނުކުމެއްޖެއެވެ. އަވަސް ފިޔަވަޅުގައި އަތުގައި އޮތް ފޯނުގެ ގަޑިއަށް ބަލަމުން ޝަބާ ހިނގަމުންދިޔައީ އޭނާގެ ގެއަށް ދިއުމަށެވެ. ނާއިލުގެ ކާގަޑި ގާތްވެފައި ނަމާދަށް އަރަން ހަނދާންކޮއްދޭން ޖެހޭނެކަން ޝަބާގެ ހިތަށް އަރަމުންދިޔައެވެ.

“ނާއިލަށް ގުޅަންވީބާ، އޭރުން މީކާ ނަގާނީ…” ކުރިއަށްއޮތް މަގަށް ބަލަމުންދިޔަ ޝަބާގެ ހިތަށް އެރިއެވެ. އެނާވެސް ހުރީ ނާއިލުގެ އަޑުއަހާލަން ބޭނުންވެފައެވެ. މިއަދު އޭނާ ގޭގައި ނެތުމުން ކުރީ ކޮންކަމެއްތޯ އަހާލާ ހިތްވެފައެވެ. އެހެންނަމަވެސް އެދެމެދަށް މެދުވެރިޔަކު ބޭނުންނުވާތީ އެޚިޔާލު ހިތުގެ ތެރޭން ބޭރުކޮއްލިއެވެ.

“ފެންވަރައިގެން ދޯ ތީނީ، ނަމާދު ކޮއްފިންތަ… ކޮބާ މީކާ” ކޮޓަރިއަށް ވަން ޝަބާ ހުރީ ވަރަށް ވަރުބަލިވެފައިކަމަށްވިޔަސް އެއްފަހަރާ އެތަށް ސުވާލެއް އަމުނާލައިފިއެވެ.

“ނަމާދުކޮއްފިން، ޝަބާ އަންނަންދެން މީނީ، ހިނގާ ކާންދަމާ” ޝަބާ ފެނުމާއިއެކު އުފަލުން ގޮސް ފުންމައިގެން ތެދުވާހިތް ނާއިލުވިއެވެ. އެހެންނަމަވެސް އޭނާގެ ހާލައިގެން ގޮނޑީގައި އިނދެފައި އާދައިގެ ގޮތަކަށް ޝަބާ އާއި ވާހަކަދެއްކިއެވެ. ހިތުގެ އިޙްސާސްތައް ބޭރުވިޔަ ނުދީ އޮބިއަޅައިގެން އިނދެއެވެ.

“އަހަރެންވެސް ނަމާދުކޮއްލައިގެން ދާނީ، ވަރަށް ވަރުބަލިވެސް ވެއްޖެ… މިނުކުންނަނީ އެހަށް ފެންވަރާލައިގެން” ޝަބާ ކޮޓަރީގައި ހުރި ސޯފާމައްޗަށް އަތްދަބަސް ދޫކޮއްލުމާއިއެކު ފާޚާނާ އާއި ދިމާލަށް ދިޔައެވެ.

ދުވަހަކުވެސް ފެންވަރަން ވަދެފައި ބިލިނގާގެ ތެރޭގައި ހަމަޖެހިނުލާ ޝަބާ، މިއަދު އޭގައި ހަމަޖެހިލެވުނެވެ. އާދަޔާއި ޚިލާފަށް އޭނާ މިއަދު ވަރުބަލިވާ ދުވަހެކެވެ. ކުރިންވެސް އޭނާ އުޅެނީ ހިނގާފައެވެ. އެކަމަކު މިފަދަ ވަރުބަލިކަމެއް ހަށިގަނޑަށް އިޙްސާސެއް ނުކުރެވެއެވެ. ދުވަހުގެ ބާކީ އޮތްބައިގައި އޮފީހަށް ނުދާންވީއޭވެސް ޝަބާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް ކުއްލިއަކަށް ހުރިހާ ޚިޔާލެއް ސިކުނޑިން ނެރިލާފައި ޒިންމާގެ މަތިން ހަނދާން ކުރިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ހަށިގަނޑު ތެދުކުރުވުމާއިއެކު އަވަސް އަވަހަށް ފެންވަރާލައިގެން ޝަބާ ނުކުމެއްޖެއެވެ.

ނަމާދުން އަވަދިވުމާއިއެކު ޝަބާ ނާއިލު ގޮވައިގެން ކާކޮޓަރިއަށް ދިޔައެވެ. ދަމުން ނާއިލުގެ ގާތު މިއަދުގެ ހުރިހާ ކަސްރަތުތަކެއް ހެދިންތޯ ސުވާލުކުރިއެވެ. ނާއިލަށް އަނެއްކާވެސް ފަރުވާކުޑަކޮއްލެވުނީއެވެ. ޝަބާ ގާތުގައި ނެތުމުން ވީގޮތެއްކަން ޚުދު ޝަބާއަށް އިޙްސާސް ކުރެވުނެވެ. އެހެންވެ އޭނާ ނާއިލަށް ބަތްތަށި މޮޑެދީފައި ތަށިތައް އެތުރި ތަބަށް ހިފައިގެން އައިސް ކޮޓަރިއަށް ވަނީ މީކާއަށް ނާއިލު ގޮވައިގެން ކޮޓަރިއަށް އަންނަން ބުނެފައެވެ. އަވިއްސެއްހެން ހުއްޓުމެއްނެތި ޝަބާ އުޅޭތަން ނާއިލު ބަލަމުން ދިޔައީ ހިނިއައިސްފައި އިނދެއެވެ. އޭނާގެ ހިތުގެ ޝުއޫރު އެނގެނީ ހަމަ އޭނާއަށެވެ.

ޝަބާގެ އެދުމަށް މީކާ، ނާއިލު ނަގާ އެނދުގައި ބޭއްވިއެވެ. އޭރު ޝަބާ ވަނީ އެނދުގައި އިތުރު ފޮތިގަނޑެއް އަޅާ ތައްޔާރުކޮއްލާފައެވެ.

“ދެން އޯކޭ މީކާ ދިޔަޔަސް، އަހަރެން ގުޅާނަން ފަހުން” ޝަބާ އަވަސް އަރުވާލާފައި ބުނެލިއެވެ. އޭނާ އޮފީހަށްވެސް ދާން ޖެހޭތީ އާއިއެކު ވަގުތަށް ސަމާލުކަން ދެމުންދިޔައެވެ. އަދި ވަގުތު އޭނާއަށް ތަންނުދިން ކަމުގައި ވިޔަސް ނާއިލުގެ ކަންތައްތަކުގައި ފަރުވާކުޑަކުރާކަށް އެއްގޮތަކަށްވެސް ޝަބާ ބޭނުމެއްނުވެއެވެ. މުޅިން އެހެން ޚީޔާލެއްގައި ހުރެ ޝަބާ ނާއިލުގެ ޓީޝާޓު ބޭލުވުމަށްފަހު ލައިގެން އޮތް ފަޓުލޫނުވެސް ދަމައިގަނެއްޖެއެވެ. އެހުރިހާ ވަގުތަކު ނާޢިލުގެ ދެލޯވަނީ ޝަބާ އާއިއެކު ތަޅުލެވިފާކަހަލައެވެ. މަޑުމަޑުން ޝަބާ، ނާއިލުގެ ހަތަރެސްފައިގެ ކަސްރަތުތައް ކުރުވަން ފެށިއެވެ. އެއާއިއެކު ރަޒިއްޔާ ހަދައިދިން ތެޔޮ ނާއިލުގެ ގައިގާ ހާކަމުން ދިޔައެވެ.

“އަލުން ފެންވަރަން މިޖެހުނީ” ނާއިލު ބުނެލިއެވެ.

“ސޮރީ… އެކަމަކު މިކަންވެސް ކުރަންވާނެ އެންނު، މާދަމާ އަހަރެން ތަންކޮޅެއް ކުރިން އާދެވޭތޯ ބަލާނަން އެނގޭ، ނާއިލު ފެންނުވަރާ މަޑުކުރޭ، އޭރުން ހުރިހާ ކަމެއް ނިންމާލާފަ ފެންވަރާލެވޭނެ އެންނު، އަހަރެން މީކާ ގާތު ބުނެފަ ބާއްވާނަން” ޝަބާ ބުނެލިއެވެ.

“ދެން ކޮންއިރަކުން ޝަބާ ގެއަށް އަންނާނީ” ނާއިލު އަހާލިއެވެ.

“ފޯތާރޓީވާފަހުން ގެއަށް އާދެވޭނީ” ޝަބާ ބުނެލިއެވެ.

“ވަރަށް ބާރަށް ހިނގާފަ ދޯ ތިއައީ” ނާއިލު މިހެން އަހާލުމާއިއެކު ޝަބާ ހޫން ލައްވާލިއެވެ. އޭރުވެސް އޭނާގެ ދެއަތުން ނާއިލުގެ ދެއަތް މައްޗަށް ނަގާ ދަމާލާފައި ތިރިކުރަމުން ދިޔައެވެ.

“ގޭ ކާރުގަ ދާންވީނު، ޝަބާ ވަރަށް ބޮޑަށް ވަރުބަލިވެފަ ހުރިހެން ހީވަނީ، ކިތަށް ބުރު ތިހެން ޝަބާ އަޅަން ޖެހޭނެ” ނާއިލުގެ ގާތުގައި ޝަބާ އިށީނދެ އޭނާ ތެދުކޮއްލުމުން ނާއިލު ބުނެލިއެވެ. އެވަގުތު ޝަބާގެ ކޯތާފަތުގައި ނާއިލުގެ މޫނު ޖެހުނެވެ. ތަފާތު އިޙްސާސެއް ދެމީހުންގެ ނާރުތަކުގައި އުފެދުނެއްކަމަކު އެކަމާ ސަމާލުކަމެއް ޝަބާ ނުދިނެވެ. އެހެންނަމަވެސް ނާއިލުގެ ހިތާ ހަމައަށް އެއިޙްސާސް ކުރުވުތީ އޭނާގެ ދެލޯ މަރާލިއެވެ. އަދި ނޭފަތުގެ ތެރެއަށް ޝަބާގެ ގައިން ދުވާ މަޑުމަޑު މީރުވަސް ދަމާލިއެވެ.

ހުރިހާކަމެއް ނިންމާލުމަށްފަހު ދެއަތް ދޮވެލައިގެން އައިސް ތައްބަށް ހިފައިގެން ޝަބާ، ނާއިލުގެ ގާތުގައި އިށީނދެއްޖެއެވެ. އަދި ސަމްސަލަކަށް ފަހު ސަމްސަލެއް ނާއިލަށް ކެވޭހާއިރަށް ލަވަމުންދިޔައެވެ. ޝަބާ އެއްވެސް ކަމެއް ފަހަށް ދޫކޮށްނުލިއެވެ. ވަގުތުން ވަގުތަށް ހުރިހާ ކަމެއް ކޮއްލުމަށްފަހު ކޮޓަރިން ނުކުތީ ނާއިލާއި ހިނިތުންވުމެއް ބަދަލުކޮއްލާފައެވެ.

ކޮޓަރީގެ ދޮރު ލެއްޕުމާއިއެކު ނާއިލުގެ ހިނިތުންވުން ފިލާ ހިނގައްޖެއެވެ. ކައިރީގައި ހުރި މީކާއަށް އެތަން ފެނި ސުވާލުކޮއްލިއެވެ.

“ޔޫ ލައިކް ހަރ، ޑޯންޓް ޔޫ” މީކާ ދިމާކޮއްލާފަދަ ގޮތަކަށް ބުނެލިއެވެ.

“މީކާ ކަންތަކޭ މީ” ނާއިލު ރަކިފާޑަކަށް މީކާ އާއި ދިމާލަށް ބުނެލިއެވެ. އަދި ފެންވަރަށް އޭނާ ގެންދިއުމަށް ބުންޏެވެ.

ނަވާލު އާއި މޯނާގެ ކަމަކީ ދެމީހުން އެއްތަން ވެއްޖެއްޔާ އަބަދު ޒުވާބު ކުރުމެވެ. އެހެންނަމަވެސް ނަވާލު އަތްއިސްކުރާކަށް ބޭނުމެއްނުވިއެވެ. ކެތްނުކުރެވޭ ވަރުވުމުން ނަވާލު ހަދާގޮތަކީ ގޭން ނުކުމެގެން ދަނީއެވެ. އެގޮތަށް އޭނާ ރިސޯޓުގައި ހޭދަކުރާ ރޭތަށް މިހާރު ގިނައެވެ.

ހުރިހާ ކުދިންގެ ކަންތައްތަކަށް ސަމާލުކަންދޭ ސަމީރާއަށް މޯނާ އާއި ނަވާލުގެ މެދުގައި މައްސަލައެއް ޖެހިގެން އުޅޭކަން އެނގުނީ އެދެކުދިން އެކުގައި ނުފެންނާތީއެވެ. އެކުގައި ފެންނަ މަދުފަހަރަކުވެސް ދެމީހުންވެސް އުޅެނީ އެކަކު އަނެކަކާ ދުރުދުރުންކަން ފާހަގަކުރެވުނެވެ. އެކަމާ އެއްޗެއް ބުނަން ހިތަށް އަރާފަވެސް، ސަމީރާ މަޑުކޮއްލައިގެން ހުރީ ކަންތައްތައް އެހާ ގޯސްފައިވާކަން އެނގިފައި ނެތީމައެވެ. އެދެކުދިން އަމިއްލައަށް އެކަން ހައްލުކުރުމަށް ދޫކޮއްލެވުނީއެވެ.

ޝަބާގެ ކޮންމެ ދުވަހެއްވަނީ ޝެޑިއުލްކުރެވިފައިވާ ތާވަލެއްހެންނެވެ. ކޮންމެ ކަމެއްވެސް ކުރެވެމުން އަންނަނީ ގަޑިއަށް ސަމާލުކަން ދެވިގެންނެވެ. ޝަބާގެ އަޅާލުން ނާއިލަށް ލިބޭލެއް ވަރަށް ބޮޑެވެ. ވަރުބަލި ވެފައި ހުއްޓެއްކަމަކު އޭނާ ނާއިލުގެ އެއްވެސް ކަމެއް ހަނދާންނައްތައެއް ނުލައެވެ. އޮފީހަށް ނުކުންނާތީވެ މޯނާއަށް ޝަބާ ފެންނަނީ ވަރަށް މަދުންނެވެ. ފެންނަ ކޮންމެ ފަހަރަކުހެން ހިވަނީ އޭނާގެ ރުޅިވެރި ދެލޮލުން ޝަބާ ނޮޅައި ކާލަފާނެހެންނެވެ. ބައެއް ފަހަރު ޝަބާވެސް ސިހެއެވެ. ވެގެން އުޅޭގޮތް އަހާލާހިތްވެސް ވެއެވެ. އެކަމަކު ޝަބާއަށް ހީވަނީ ހައްތަހާވެސް ޝަރުމީލާ އޭނާދެކެ ގަޔާނުވާތީ މޯނާ ގާތުވެސް ފާޑުފާޑުގެ ވާހަކަދައްކަނީ ކަމަށެވެ.

ވަފިއްޔާ އޭނާގެ ދަރިފުޅަށް ގުޅުމުގެ ބަދަލުގައި ސަމީރާއަށް އަދިވެސް ގުޅާ ހަދައެވެ. ކުދި ކުދި ކަންތަކުގައި ޝަބާއަށް ނޭނގި ކިޔައެވެ. އެކަންތައްތަކާއި ސަމީރާ އެއްވެސް ފަރުވާލެއް ނުބަހައްޓައެވެ. އަދި އެކަމާ ގުޅިގެން ސަމީރާ، ޝަބާ އާއިމެދު ދެކޭ ގޮތްވެސް ބަދަލެއް ނުވެއެވެ. އޭނާ ޝަބާގެ ގާތުގައި ވަފިއްޔާ ގުޅާވާހަކަ ނުދައްކަނީ އެއީ ކޫސަނިކަމެއް ކަމުގައި ދެކިގެންނެވެ. ފަހަރެއްގައި ޝަބާއަށް އޭނާގެ މަންމަގެ އުޅުން ހުންނަ ގޮތުން ނުތަނަވަސްކަމެއް ލިބޭފަދަ އެއްވެސް ވާހަކައެއް އަންގަން ސަމީރާ ބޭނުންނުވަނީއެވެ.

ހުއްޓުމެއްނެތި މަސައްކަތް ކުރަމުން ދިޔަ ޝަބާ އެހެން އުޅޭތާ ދެހަފްތާ ވަރަަކަށްފަހުން ބަލިވާގޮތްވެއްޖެއެވެ. ހަށިގަނޑުގައި ތެދުވާނެހާ ވަރުނެތި ބޮލުގައި ހުންނަ މަޑުރިހުން މިއަދު މާގަދަހެން އޭނާއަށް ހީވެއެވެ. ވަރުބަލިވެގެން ގޮސް މީހާ ހުންނަނީ އަބަދުމެ ގުނބުހިލިފައެވެ. އަމިއްލަ ޞިއްޙަތާއިމެދު ވަރަށް ބޮޑަށް ފަރުވާކުޑަކުރެވިއްޖެކަން ޚުދު އޭނާއަށްވެސް އެނގުނެވެ. އަނެއްކޮޅުން ކާހިތްނުވާތީ ގިނައިން ނުކަނީއެވެ. ނަމަވެސް ޝަބާ ޑޮކްޓަރަކަށް ދައްކާ ކަހަލަ ޚިޔާލެއް ނުގެންގުޅެއެވެ. ހަފްތާގެ އެންމެ ފަހު ދުވަހަށް ވެފައި ނުދާން އޮވެފަވެސް ޝަބާ ތެދުވެ އޮފީހަށް ދާން ތައްޔާރުވާން ފަށައިފިއެވެ. ބޮލުގައި އޮޅާލި ޝޯލް ރީތިކޮއް އޮމާންކޮއްލުމާއިއެކު ފިންޖަހާ ހަރުކޮއްލައިފިއެވެ. އެއާއިއެކު ފުންނޭވާއެއް ބޭރުކޮއްލައިފިއެވެ. އަދި ކޮޓަރީގައި ހުރި ފެންޖަގާ ދިމާލަށް ދިޔައީ ކަރުހިއްކައިގެނެގެންނެވެ. ފަތިސް ނަމާދަށް ތެދުވެވެސް އޭނާވަނީ ފަސްތަށި ފެންބޮއެފައެވެ. އެކަމަކު ކަރުހިއްކުން ފިލާ ގޮތެއްނުވެއެވެ. އެކަމާވެސް ހުރީ އުނދަގޫވެފައެވެ.

“ޝަބާ..” ފަތިސް ނަމާދަށްފަހު ނިދާލާފައި ހޭލެވުނު ނާއިލު ގޮވާލިއެވެ.

“މިދަނީ ދާންވެގެން، އެކަމަކު މިއަދު ހާފްޑޭ އެއް ހަދާ…” ކުއްލިއަކަށް ޝަބާގެ އަޑުމަޑުވެގެންދިޔައެވެ. ފެންތަށި ހިފައިގެން ހުރެ އޭނާ އަރިއަޅާލިތަން ނާއިލަށް ފެނުނެވެ. ޝަބާ ވެއްޓުނު އަޑުގެ ކުރިން އިވުނީ ބިއްލޫރި ތަށި ތަޅައިގެން ދިޔަ އަޑެވެ.

“ޝަބާ” ނާއިލު އަޑުގެ ކޮޅަށް ހަޅޭލަވައިގަތެވެ. ކުއްލިއަކަށް ތެދުވަން މަސައްކަތް ކުރިއެވެ. އޭނާގެ ފަޔަށް ގޮތެއް ވާހެން ހީވެއެވެ. އެކަމަކު ފައި ހިއްލައެއް ނުލަވުނެވެ. ދެދަތްފިލަ ޖައްސާ ބާރުކޮއްލުމާއިއެކު ބާރަށް ހިފާލީ ހަތަރެސްފަޔަށް ކުޑަނަމަވެސް ލޮޅުމެއް ގެނެވޭތޯއެވެ. އެކަން ނުވުމުން އަނެއްކާވެސް ހަޅޭލަވައިގަނެއްޖެއެވެ. ހުއްޓުމެއްނެތި ނާއިލު އޭނާގެ މަންމައަށް ގޮވަމުންދިޔައެވެ. އެއްވެސް މީހެއްގެ ހިލަމެއްނުވިއެވެ.

މަޑުމަޑުން ހިނގާލާފައި އައިސް ނާއިލުގެ ކޮޓަރީގެ ދޮރުގައި މީކާ ހިފީ ޝަބާ އޮފީހަށް ދާން ނުކުންނަމުން ނުގުޅައިގެންނެވެ. އޭރު އަށެއްޖަހައިފިއެވެ. ކޮޓަރީގައި އޮތް ނާއިލުގެ ހަޅޭކުގެ އަޑުވެސް މީކާއަށް އިވުނީ ދެނެވެ. އަތުގައި އޮތް ފޯނު ޖީބަށް ލުމާއިއެކު އަވަހަށް ކޮޓަރީގެ ދޮރު ހުޅުވާލެވިއްޖެއެވެ.

“މީކާ، މަންމައަށް ގޮވާބަލަ، ޝަބާ… އޭނާ ނަގައިގެން ގެނެސް މިތާ އެނދުމައްޗަށް ލާބަލަ، މީކާ، އަވަސް ކޮއްބަލަ، ޝަބާ އަހަންނަށް ފެންނަ ހިސާބަށް ގެނެސްދީބަލަ” ނާއިލު ހަޅޭލަވަލަވާ އަޑުވަނީ ބަދަލުވެފައެވެ. ދެލޯ ބޮޑުވެފައި ހުރެ މީކާ އަވަސް އަވަހަށް ޝަބާ ނަގައިގެން ގެނެސް ނާއިލުގެ މަގަތުން އެނދުގައި ބާއްވާލައިފިއެވެ. ދެލޯމަރާލައިގެން އޮތް ޝަބާފެނި ނާއިލުގެ ހިތް ބާރަށް ތެޅެން ފެށިއެވެ. މަޑުމަޑުން ޝަބާއަށް ގޮވަން ފެށިއެވެ. މަދުވަގުތުކޮޅެއްގެ ތެރޭގައި ދެން ފެނުނީ މީކާ އާއިއެކު ދުވަމުން ކަހަލަ ގޮތަކަށް އެކޮޓަރިއަށް ވަދެގެން އައި ސަމީރާ އާއި އަސްލަމެވެ.

“ދަރިފުޅާ، ކިހިނެއްތަ ވީ” ސަމީރާ އައިސް އަވަހަށް ޝަބާގެ ގާތުގައި އިށީންނަމުން ނާއިލުގެ ގާތު އަހާލިއެވެ. ނާއިލުއަށްވެސް ވީގޮތެއް ނޭނގެއެވެ. އޭނާއަށްވެސް ކިޔާދެވުނީ ފެނުނު މަންޒަރެވެ. އަސްލަމް އަވަސް އަވަހަށް ނީލްއަށް ގޮވާލެއްވުމާއިއެކު ޝަބާއަށް ފަރުވާދިނުމުގެ ކަންތައް ހަމަޖެއްސުމަށް އެދިލެއްވިއެވެ. އެންމެންގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *