THEE QADAR DHEVE INSAANAKEE [PART 1]

(މި ވާހަކައަކީ 2012 ވަނަ އަހަރު ވީނިއުސްގައި ޝާއިޢު ކުރެވުނު ލާރާގެ ފުރަތަމަ ވާހަކައެކެވެ.)

މާލޭގެ މަގުމަތަކަކީ މިފަހަކަށް އައިސް ރޭވެ ދަންވިޔަސް ހިމޭންކަން ވެރިވާތަނެއް ނޫނެވެ. އެހެންނަމަވެސް އެންމެ އިރުކޮޅަކަށްވެސް ވާރޭ މެދުކެނޑުމެއްނެތި ބޯކޮށް ވެހެމުންދާތީވެ މަގުގައި މީހެއްގެ ހިލަމެއްވާތަނެއް މިރެއަކު ނުފެނެއެވެ. ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ފަޒާގައި ހަރުލާފައިވާ ފިނިކަމާއިއެކު މުޅި ހިސާބަށް ވެރިވެފައިވާ ހިމޭންކަމުގެ ތެރެއިން ހަމައެކަނި އިވޭ އަޑަކީ، ބޯކޮށް ވެހެމުންދާ ވާރޭ އާއި ޖެހެމުންދިޔަ ގަދަވަޔާއިއެކުވެގެން އަންނަ އަޑުތަކެވެ. ހިމަގޯޅިއަކުން މަގަށް ނުކުމެވެން ހުރި ރޭވަންލައިޓް ގެއަށްވެސް ވަނީ ހިމޭންކަން ވެރިވެފައެވެ. ގޭގެ ހުރިހާ އެންމެންހެން ހީވަނީ ގަދަނިދީގައިވާހެނެވެ. އެހެން ރޭރެއަށްވުރެ ކުރިން މިރޭ ގޭގެ ހުރިހާ އެންމެން ކޮޓަރިތަކަށްވަދެއްޖެއެވެ. އިރުއޮއްސުނީއްސުރެން ވެހެމުން ދިޔަ ވާރޭގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. މި އަރާމު ފިނީގައި ނިދާލުމުގެ ބޭނުމުގައެވެ.

ރޭވަންލައިޓްގޭގެ ނޫކުލައިގެ ބޮޑު ދޮރޯށިން ވަދެގެން އަންނައިރު އާދައިގެ ކުޑަކުޑަ ސިޓިން ރޫމަކާއި އެއްފަރާތެއްގައި ކައްކާ ކައިހެދުމަށް ތައްޔާރުކޮއްފައިވާ މިޒަމާނުގެ ބަދިގެއެއް ހުއްޓެވެ. އަދި އެތެރެއަށް ދެފަރާތަށް ބެހިގެންވާ ހަތަރު ކޮޓަރި ހުއްޓެވެ. ކޮންމެ މީހަކުވެސް މިއަރާމުރޭގެ އުފާ ލިބިގަންނަމުން އަރާމުނިދީގެ ތެރެއަށް ގެނބެމުންދިޔައެވެ.

ހަތަރު ކޮޓަރީގެ ތެރެއިން ވާތްފަރާތުގައި ބިއްދޮށަށް ހުރި ކޮޓަރީގައި ވަނީ ފަނޑު އަލިކަމެކެވެ. ވާރޭ ވެހޭއަޑު އެކޮޓަރިއަށް އިވެނީ ވަރަށް މަޑުންނެވެ. ނަމަވެސް އެއާއި ހިލާފަށް އެކޮޓަރީގެ ހަތަރު ފާރުގެ ތެރޭގައި ހަރުލާފައިވަނީ މަޑު ގިސްލުމެއްގެ އަޑެވެ. އެއްފަރާތުގައި ހުރި ބޮޑު އެނދުގައި އަރިއަކަށް އޮތް ޝަބާގެ ރުއިމުގެ އަޑެވެ. އޭނަގެ ގިސްލުމުގެ އަޑެވެ. ކަންނެޔޮލުގައި ބާރަށް ބައްދާލައިގެން އޮތްއިރު ދޭތެރެއަކުން ޝަބާގެ ރުއިމުގެ އަޑު ގަދަވެއެވެ. އޭނަގެ ހިތަށް ލިބިފައިވާ ހިތާމަ އާއި ވޭނަށް ކުޑަނަމަވެސް ތަޞައްލީއެއް ލިބެނީ އެލޮލުން އޮހޭ ކަރުނައިންނެވެ. ރޭވެއްޖެނަމަ ޝަބާގެ ހިތާމަ ބޮޑުވެއެވެ. ހިތާ ސިކުނޑިއަށް ލިބޭ ނުތަނަވަސް ކަމާއި ވޭން އިތުރުވެދެއެވެ.

“ރާއިދު، އަހަރެން ތި ލޯތްބާ ނުލާ އުޅޭނީ ކިހިނެއް، ރާއިދު އާއި ނުލާ އުޅޭނީ ކިހިނެއް، ކީއްވެ… ކީއްވެތަ އަހަރެން އެކަނި ކޮއްލީ…. ކީއްވެތަ އަހަންނާ ދުރަށް ތިދިޔައީ…” މަޑުމަޑުން ދެލޯ ފޮހެލުމަށްފަހު އެނދުގެ ބިއްދޮށުގައި އޮތް ޝަބާ ރޮވިފައިވާ އަޑަކުން ވާހަކަދެއްކިއެވެ. އަދި އެނދުގެ މަގަތުގައި އޮތް ބާލީހުގައި މަޑުމަޑުން ފިރުމަމުން ދިޔައެވެ.

މިއީ ފަހަކަށް އައިސް ޝަބާގެ ކޮންމެރެއެއްގެ އާދައެވެ. ނިދެނީ ކިހާއިރަކު ކަމެއްނޭނގެއެވެ. ޔަގީނުންވެސް ދެލޯ މެރެނީ ރޮއެ ރޮއެ މީހާ ވަރުބަލިވާފަހުންނެވެ. ރުއިމާ ފިކުރުކުރުމުގައި ގިނަވަގުތުތަކެއް އޭނަ ހޭދަކުރެއެވެ. މީހުންނާ ވާހަކަދައްކާ އާއިލާތެރެއަށް ނުކުމެ އުޅުން މަދުވެފައިވެއެވެ. ބަސްމަދުވެ މީހާ ގިނަފަހަރަށް ގަބުވެފައި ހުންނަ ވަގުތުތައް ގިނައެވެ. ޝަބާގެ މަންމަ ވަފިއްޔާއަށް މިހުރިހާކަމެއް ވަނީ ފާހަގަކުރެވިފައެވެ. ދަރިފުޅުގެ ހިތްދަތިކަމާ ގުޅިފައިވަނީ އޭނަގެ ކައިވެންޏެވެ. އަލަތު ކައިވެންޏެވެ.

ޝަބާ އާއި ރާއިދުގެ އަލަތު ކައިވެނި ކުރެވުނީ ދެމީހުންވެސް ރުހި ގަބޫލުވެގެންނެވެ. ދެފަރާތުގެ އާއިލާވެސް އެދެމީހުންގެ ނިންމުމާއިމެދު ރުހިގެންނެވެ. ދެމީހުންވެސް އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވެގެންނެވެ. އެ ލޯބީގައި ކައިވެނީގެ ގޮށްޖަހާލީ ދުވަހަކުވެސް ވަކިވާން ބޭނުންނުވާ ދެމީހުންފަދައިންނެވެ. އެހެންނަމަވެސް ކައިވެނި ރޫޅުނީއެވެ. އެވެސް ހަތްއަހަރަށް ފަހުއެވެ. ޝަބާއަށް އޭނައަށް ކުރެވުނީ ކޮންކުށެއްކަމެއް ނޭގެއެވެ. ކައިވެންޏަށްފަހު ރާއިދު އާއި ޝަބާ އުޅެމުން އައީ ޝަބާގެ އާއިލާ އާއިއެކު އެގޭގައެވެ. އެއީ ރާއިދުގެވެސް އެދުމުގެ މަތިންނެވެ. އެކުގައި އުޅުނު ދުވަސްތަކުގައި ވަރިވާ ހިސާބަށް ކަންތައް ދާވަރުގެ އެއްވެސް މައްސަލައެއް ނުޖެހެއެވެ. ޝަބާ ރާއިދުގެ ކަންތައްތައް ކޮއްދެމުންދިޔައީ ވަރަށްވެސް ފުރިހަމައަށެވެ. އެހާމެ ލޯބިންނެވެ. ނަމަވެސް ރާއިދު އޭނަ ވަރިކޮއްލާފަ ދިޔައީއެވެ. ހަމަކުއްލިއަކަށެވެ. އެދުވަހުގެ މަތިން ޝަބާ ހަނދާންކުރަން ބޭނުން ނުވިޔަސް އެކަމެއް އޭނައަކަށް ނުހުއްޓުވެއެވެ. ކަންފަތުގައި ރާއިދު “އަހަރެން ބޭނުމީ ޝަބާ އާއި ވަކިވާން… ޝަބާ… ވަރިކޮއްފިން…” މިހެން ބުނި އަޑު ފިލައިގެންނުދެއެވެ. ޝަބާ އަލުން ގުޅެން އެދުމުން އެކަމަށްވެސް އޭނަ ދިނީ ބީރުކަންފަތެކެވެ. އެތަކެއް އާދޭހެއް ކުރަމުން ފަހަތުން ޝަބާ ދިޔައެވެ. ރާއިދުމެންގޭ ދޮށަށް އެތަށްފަހަރަކު ދިޔައެވެ.

“ޝަބާ، ތިގޮތަށް މިގޭ ދޮށަށް އަޔަސް ރާއިދު ބޭނުން ނުވަންޏާ ކިހިނެއް އަލުން ތިކައިވެނި ރުޖޫޢު ކުރެވޭނީވެސް، މަންމަވެސް އަހައިފިން ރާއިދު ކައިރީ، ޝަބާ ވަރިކުރީ ކީއްވެތޯ، ޝަބާއަށް ކަމެއް ގޯސްކޮށް ކުރެވުނީ ތޯ…. ހަމައެއްވެސް އެއްޗެއް ނުބުނޭ، އަވަސް އަވަހަށް ގޭން ނުކުމެގެން ދަނީ، ޝަބާ، މަންމައަށް އެހާ ކަމަކު ނުދޭ މިގޭދޮށަށް ޝަބާ އަބަދު އަންނާކަށް، މީ ދަރިފުޅަށްވެސް ރަނގަޅަކަށް ބުނާއެއްޗެއް، ޝަބާގެ އާއިލާވެސް މަންމައަށް ހީނުވޭ ހިތްހަމަޖެހޭނެ ހެނެއް ތިގޮތަށް އުޅެން، މަންމަ ނަޞޭހަތެއްގެ ގޮތުގައި މިބުނަނީ… ޝަބާ ރާއިދުގެ މަތިން ހަނދާން ނައްތާލާ، އޭނަ އާއި ޝަބާ އާއި އޮތް ގުޅުން ކެނޑިއްޖެކަން އަމިއްލަ ނަފްސަށް ވިސްނާދީ… ޝަބާއަކީ ހިތްވަރު ގަދަ ކުއްޖެއްނު” ރާއިދުގެ މަންމަ ހަބީބާ ބުންޏެވެ. އެއީ ރާއިދު އާއި ބައްދަލު ކުރުމަށް ޝަބާ އެގޭ ދޮށަށް ދިޔަ އެންމެ ފަހު ދުވަސްވެސް މެއެވެ. އެހެންނަމަވެސް އޭނަ ރާއިދުގެ ފޯނަށް ގުޅައެވެ. ބޭނުންވަނީ ހަމައެންމެ ކަމެއް އޮޅުން ފިލުވާށެވެ. އެއީ ރާއިދު ހިތްހަމަ ނުޖެހޭވަރުގެ ކަމެއް ޝަބާއަށް ކުރެވިފައިވާނަމަ އެކަމެއް އޭނައަށް ބުނެދިނުމެވެ. އެއްމަސް ހޭދަވެގެން ދިޔައީ މިފަދަ ގޮތަކަށެވެ. ރާއިދު އޭނަގެ ނަންބަރު ބަދަލު ކުރީކަން ޝަބާއަށް ޔަގީންވީ އޭނަގެ ނަންބަރުގެ ހިދުމަތް ކަނޑާލާފައިވާކަމަށް ދިރާގުން ބުނަން ފެށުމުންނެވެ. ރާއިދު އާއި ޝަބާގެ ދިރިއުޅުން ހަތްއަހަރަށްފަހު ނިމިއްޖެކަން ރާއިދުގެ މަންމަ ބުނިފަދައިން އޭނަގެ އަމިއްލަ ނަފްސަށް ވިސްނާދޭން ފެށިއެވެ. އެކަނި ހުރެއްޖަނަމަ އަބަދުވެސް ފެންނާނީ ޝަބާ އޭނާގެ ދެލޮލަށް ޖަމާވާ ކަރުނަ ފޮހޭ ތަނެވެ. އަމިއްލަ އާއިލާ އާއިވެސް މާބޮޑު ގުޅުމެއް ނެތެވެ. އެކަނި ހުންނަން އޭނަ ލޯބިކުރިއެވެ. ނަމަވެސް މިކަން ޝަބާގެ މަންމައަށް ކަމަކު ނުދިޔައެވެ.

“ޝަބާ ކައިރީ ރަނގަޅަށް އެއްޗެއް ބުންޏަސް ގަބޫލު ނުކުރާތި، ޝަބާއަށް ނަޞޭޙަތްދީ ދީ މިހާރު އަހަރެންގެ އަނގައިގަ ހިތިރިހަ ލާންފަށައިފި، ތި ރާއިދުއެއްގެ މަތިން ހަނދާން ނައްތާލާށޭ ބުނަންވީ ކިތައްފަހަރުތަ، އެއީ އެވަރުގެ މީހެއްނަމަ ޝަބާއަށް މިދުވަހެއް ދެކޭކަށް ނުޖެހުނީ ހެންނު، ނަސީބެއްކަންނޭގެ އެހާ ދުވަސްވީއިރުވެސް ދަރިއަކު ނުލިބުނުކަން…” ވަފިއްޔާ ބުންޏެވެ. އެއީ ވަފިއްޔާގެ އާދައެވެ. އޭނަ ޝަބާ އާއި ކިތަންމެ ލޯބިން ވާހަކަދެއްކިޔަސް ރާގު ހުންނާނީ ހަރުކަށި ގޮތަކަށެވެ.

“މަންމާ، އަހަރެންވެސް މަސައްކަތް ކުރަމޭ ރާއިދުގެ މަތިން ހަނދާންނައްތާލަން، އެކަމަކު… ” ޝަބާއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ވަފިއްޔާ ބުނިހެން އޭނަ އާއި ރާއިދުގެ ކައިވެންޏަށް ހަތްއަހަރުވީއިރުވެސް ދަރިއަކު ނުލިބުން އެއީ ނަސީބެއްބާއޭ ޝަބާގެ ހިތަށް އަރައެވެ.

މިފަދަ ހާލެއްގައި ޝަބާ އުޅޭތާ ހަތަރުމަސް ވޭތުވެގެން ހިގައްޖެއެވެ. އިއްދައިގެ ދުވަސްތައް ނިމި ޝަބާ ފުރިހަމަ މިނިވަނަކަށްވީއެވެ. މިހަތަރު މަސްދުވަސް ނިމިގެން ދިޔައިރު ކޮޓަރިއަށް ލާފައި ހުރި އިންޓަނެޓު ބިލު ނުދެއްކިގެން އެވެސް ވަނީ ކަނޑާލާފައެވެ. ޝަބާގެ ނަންމަތީގައި އޮތް ސޭވިންގް އެކައުންޓުގައި ހުރި ފައިސާކޮޅު ހުސްވީއެވެ. އެއެކައުންޓަކީ ރާއިދު ފައިސާ ރައްކާކުރުމަށްޓަކާ ލާ އެކައުންޓެވެ. ނަމަވެސް އެންމެ ތިންހާސް ރުފިޔާ ނޫން އެހެން ހުރިހާ ފައިސާއެއް ރާއިދު ވަނީ ގެންގޮސް ފައިކަން ޝަބާއަށް އެނގުނީ ކޭޝް ކާޑުން އެއްވެސް ވިޔަފާރިއެއް ނުކުރެވުމުންނެވެ. އަދި އޭ.ޓީ.އެމް މެޝިނުން ނެނގި ސްޓޭޓްމެންޓަކުންނެވެ. ޝަބާއަށް އިތުރު ހައިރާންކަމެއް ލިބުނެއްކަމަކު ރާއިދު ކުއްވެރިއެއް ނުކުރިއެވެ. އެއީ އެ އެކައުންޓަކީ ޝަބާގެ ނަންމަތީގައި އޮތް އެކައުންޓަކަށްވިޔަސް އޭގައި ހުރި ފައިސާއަކީ ރާއިދުގެ ފައިސާއަށްވީތީއެވެ.

ވަފިއްޔާ ގޭތެރޭގައި ކަރަންޓު ހަރަދުބޮޑުވާ ވާހަކަ އާއި ފެންބިލު ބޮޑުވާ ވާހަކަދައްކަން ފަށައިފިއެވެ. ޝަބާއަށް ވަފިއްޔާގެ ޖުމްލަތަކުގައި ފޮރުވިފައިވާ މާނައަކީ ކޮބާކަން އެނގެއެވެ. ޝަބާ އާއި ރާއިދު ކައިވެނިކޮށްގެން ޝަބާގެ ގެއަށް އައީސުއްރެން ރާއިދުގެ މުސާރައިން ގެއަށް ވަކިވަރެއްދެއެވެ. އަދި އިންޓަނެޓުގެ ބިލާ ޓީވީ ކޭބަލްގެ ބިލުވެސް ދައްކަނީ އޭނަގެ ހަރަދުގައެވެ. ޝަބާގެ ބޭނުމެއް އޮތިއްޔާ އެކަމެއްވެސް ކޮއްދެނީ އޭނަގެ ހަރަދުގައެވެ. އެއީ ޝަބާއަކީ ރާއިދުއަށްޓަކައި ހުރިހާ ވަގުތެއް ހުސްކޮއްލައިގެން ގޭގައި އިން އަންބަކަށްވީތީއެވެ. އާމްދަނީ ހޯދުމަށް މަސައްކަތުގެ ދާއިރާއަށް ނުކުންނާނީ ރާއިދު ކަމުގައި އޭރު އޭނަވަނީ ޝަބާގެ ގާތުގައި ބުނެފައެވެ. ނަމަވެސް އެދުވަސް ބަދަލުވެއްޖެއެވެ. މާޒީއާއިއެކުވެގެން ހިނގައްޖެއެވެ. ޝަބާއަށް ދިރިއުޅުމާމެދު ވިސްނަން މަޖުބޫރު ކުރުވައިފިއެވެ. މިއަދު އޭނަގެ ހަރަދުތައް ބަލަހައްޓައިދޭކަށް ރާއިދުއެއްވެސް ނެތެވެ. އަދި އާމްދަނީ ލިބޭނޭ މަގެއްވެސް ފަހިވެފައެއްނެތެވެ. މިއަދު އޭނަ ރާއިދު އާއި ކައިވެނި ކުރުމަށްފަހު ވަޒީފާއިން ވަކިވެވުނީތީ އެކަމާ ހިތާމަ ކުރެއެވެ. އެހެންނަމަވެސް ޝަބާއަށް އޭނަގެ ދިރިއުޅުމަށް މިހާ ބޮޑު ބަދަލެއް އައިސްދާނެ ކަމަށް އޭރު އެއްވެސް ވަރަކަށް ވިސްނިފައެއް ނެތެވެ.

ވަފިއްޔާ ގޭތެރޭގައި ކިޔާ އެއްޗެހިން، ބޮޑުވެފައި ހުރި އަންހެން ދަރިއަކު މަސައްކަތެއްނުކޮށް ގޭގައި ހުރުމުން މުސްކުޅިވެފައިވާ މަންމަ އާއި ބައްޕައަށް ބުރައަކަށް ވާހެން ޝަބާއަށް ހީވާންފެށިއެވެ. ވާނީވެސް އެހެންތާއެވެ. އާއިލާއަކީ އެހާ ތަނަވަސް އުޅެވޭ އާއިލާއެއްނޫނެވެ. އާއިލާގައި ވަޒީފާއަށް ދާ އުމުރުގެ ހުރިހާ ކުދިން ވަޒީފާއަށް ދެއެވެ. ނުވިތާކަށް ގޭގެ ހަރަދު ބަލަހައްޓަންވެސް ހުރިހާ ކުދިން ވަކިވަރެއް ވަފިއްޔާއަށް ދޭނެއެވެ. މިކަންތައްތަކާ ފިކުރުކުރަމުންދިޔަ ޝަބާ ގޭގެ އެހެންކޮޓަރިއެއްގައި ހުރި ކޮމްޕިއުޓަރުގެ ކައިރީ އިށީނދެ އިންޓަނެޓްމެދުވެރިކޮށް ނޫސްތައް ބަލަންފަށައިފިއެވެ. ވަޒީފާގެ ފުރުޞަތުތައް އޮތްތަންތަނަށް ސިޓީލާން ފެށިއެވެ. މިއަދު މިނޫންގޮތެއް އޭނައަކަށް ނެތެވެ. ވަޒީފާގެ މައިދާނަށް އޭނައަށް ނުކުންނަން މަޖުބޫރުވެއްޖެއެވެ. އަނެއްކޮޅުން ރާއިދު އެނބުރި ނާންނާނެކަމާއި އަދި އޭނަ ހޯދަން އުޅުމަކީ ބޭކާރު ކަމެއްކަމުގައި ޝަބާ ދެކުނެވެ. ހިތުގައި އަތްއަޅާލާފައި ލިބުނު އާދައިގެ ވަޒީފާއަށް ނުކުންނަންފެށީ ރާއިދުގެ ހަނދާންތަކާ ދުރުވުމަށެވެ. އެކަމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އެއްވެސް މީހަކަށް ޝަބާގެ ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލުތަކެއް ފާހަގައެއް ނުކުރެވުނެވެ. ނޫނީ އެކަކުވެސް އެވާހަކަ ދައްކަން ބޭނުންނުވަނީ ކަންނޭގެއެވެ. އާއިލާގައި ހުރިހާ ކުދިންވެސް އެމީހެއްގެ އަމިއްލަ ކަންތައްތަކާއިގެން ނޫނީ ނޫޅެއެވެ. އެއްބަނޑު އެއްބަފާކަމުގެ މާބޮޑު ގުޅުމަކާއި ފަރުވާލެއް ނުހުރެއެވެ. ޝަބާއަށް އަންނަ ބަދަލުތައް ފާހަގަނުވަނީވެސް އެހެންވެ ކަމަށް ވެދާނެއެވެ.

ޝަބާއަކީ ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެން ލޯބިކުރާ ސާދާ ސީދާކުއްޖެވެ. އުމުރުން އޮނަތިރީސް އަހަރުގެ ޒުވާނެކެވެ. އުމުރުގެ ބޮޑުބައި ހޭދަވެގެން ދިޔައީ ރާއިދު އާއިއެކުގައި ކަމަށް އޭނަ ދެކެއެވެ. އިތުރަށް ފިރިހެންކުދިންނާ ވާހަކަދައްކާ ހީސަމާސާ ކުރުން އެއްކޮއްހެން ހުއްޓާލިއެވެ. އޭނައަކީ ފެޝަނަށް ލޯބިކުރިޔަސް އެގޮތްގޮތަށް ހެނދުންއަޅާ އަންހެން ކުއްޖެއްނޫނެވެ. ލާފައި ހުންނަނީ ގަޔަށް ދޫކޮށްހުންނަ ދިގު ހެދުމެވެ. ބުރުގާ އެޅުމާއިއެކު ދީނަށް ލޯބިކުރެއެވެ. އޭނަ ދެކޭގޮތުގައި އޭނަގެ ހިތުގެ ޝަކުވާ އަޑުއައްސަވާ ހަމައެކަނި ފަރާތަކީ އެއީއެވެ. އަދި އެހިތަށް ޝިފާއެއް ދެއްވާނީވެސް އެފަރާތުންނެވެ. މިހާރު އޭނައަށް އޮންނަ ހަމައެކަނި ކަމަކީ އޮފީހަށް ދިއުމާއިއެކު ނިމިގެން ގެއަށް އައުމެވެ. ދުނިޔޭގައި ދެން ހިނގާ އެއްވެސް ކަމަކަށް އޭނަގެ ފަރުވާލެއް ނެތެވެ. ލޯބި އިންސާނާ ބަދަލުކޮއްލަނީ ކިހާ އަވަހަކަށް ހެއްޔެވެ. އެންމެ ދެއަކުރުގެ މިލަފްޒުގެ ބާރުގަދަކަމާއި އޭގެ ނުފޫޒު މިފެންނަނީއެވެ. މަރު އައިސް އިންސާނާގެ ފުރާނަ ގެންދަންދެން އޭނަ ދިރިހުރުމަށްޓަކައި ނޭވާލައެވެ. ޝަބާވެސް ދިރިހުރީތީ ނޭވާލަނީއެވެ. ނަމަވެސް އޭނަގެ ނޭވާގައި އަދިވެސްވަނީ އޭނަގެ އަލަތު ލޯތްބެވެ. އަލަތު ކައިވެންޏެވެ. ރާއިދުއެވެ. އެނޭވާ ލާހާ ހިނދަކު އޭނައަށް ރާއިދުގެ ހަނދާންތަކާއި ވަތްކެއްނުވެވޭނެއެވެ. ކުރެވޭ ހިތްދަތި އިޙްސާސްތައް ހިނިތުންވުމަކުން ފޮރުވާލެވިދާނެއެވެ.  ނަމަވެސް ކިހާދުވަހަކުހެއްޔެވެ.

ރާއިދު ޝަބާ ވަރިކުރިތާ ދިހަމަސްފަހެވެ.

ޝަބާ އާދައިގެ މަތިން އޮފީހުން ނިމިގެން ގެއަށް އައި ދުވަހެކެވެ. ވަފިއްޔާ ވަރަށް ހިނިއައިސްފައި ޝަބާގެ ގާތުން އޮފީހުގެ ކަންތައްތައް ކިހިނެއްތޯ އަހާލިއެވެ. އެއާއިއެކު ވަފިއްޔާ ހުރީ ރަނގަޅު މޫޑެއްގަކަން ޝަބާއަށް އެނގުނެވެ.

“ރަނގަޅު….” ޝަބާ އޭނަގެ މަންމަގެ ހަމަޖެހުން ގެއްލުނަ ނުދިނުމައްޓަކައި ހިނިތުންވެލަމުން ބުނެލިއެވެ.

“ފެންވަރާލައިގެން ކާން އަންނަންވީނު، މަންމަ މިއަދު މަސް ހަނާކޮއްފަ ހުންނާނެ” ވަފިއްޔާ އޯގާތެރި ރާގެއްގައި ބުނެލިއެވެ.

“ހޫމް..” ހައިރާންވިޔަސް އެކަންވެސް މޫނުމަތިން ފޮރުވާލަމުން ޝަބާ ހޫން ލައްވާލިއެވެ. އަދި ކޮނޑުގައި އަޅުވާލާފައި އޮތް އަތްދަބަހުގައި ހިފަހައްޓާލައިގެން ހުރެ އޭނަގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

“މަންމަ މިއަދު ހާދަ ރަނގަޅު މޫޑެއްގަ ހުރިހެން ހީވެޔޭ، އަހަންނަށް ހަނާކޮއްފަ ހުންނަ މަސް ވަރަށް މީރުކަން އެނގޭނެ، ކިހިނެއްވީބާ… މިނޫނީ ދުވަހަކުވެސް އޮފީހުން ގެއަށް އަންނައިރަށް ކިހިނެއްތޯވެސް އަހާނުލާނެ، ކާނީ ކޮންއިރަކުންތޯވެސް ނާހާނެ… މަންމަ އަހަރެންގެ ހާލު އަހަންބޭނުންވާނަމަ، އެގޮތަށް ދުރުދުރުން ވާހަކައެއް ނުދައްކާނެ…. މަންމާ…. އަހަރެން ކައިރީ ކަމަކު ކިޔަންވީތަ؟ ފައިސާ ބޭނުންވީތަ؟” ކޮޓަރި އާއި ދިމާލަށް ހިނގަމުންދިޔަ ޝަބާ އޭނަގެ އަމިއްލަށް ނަފްސާ ވާހަކަ ދައްކަމުންދިޔައެވެ.

ޝަބާ ފެންވަރާލާ ރީތިވެލައިގެން ކޮޓަރިން ނުކުންނަންދެން ވަފިއްޔާ ސިޓިން ރޫމު ސޯފާގައި އިށީނދެލައިގެން އިނެވެ. އަތުގައި އޮތް ރިމޯޓުން ހިންދީ ޑްރާމާ ދައްކާ ޗެނެލްތަކަށް ބަދަލު ކުރަމުންދިޔައެވެ. އެއްޗެނަލެއް މާގިނައިރު ބަލާކަށް ނީނދެއެވެ. އިރުކޮޅަކު މިފަދަ ގޮތަކަށް އުޅުމަށްފަހު ރިމޯޓް ކައިރީގައި ބާއްވާލަމުން އެއްފައި މައްޗަށް އަނެއްފައިލަމުން ސޯފާގައި އަތްއަޅުވާލިއެވެ. ހީވީ ކޮންމެވެސް ކަމަކާ އޭނަ ވިސްނާލިހެންނެވެ. ތުންފަތަށް ވައްތަރެއް ޖައްސާލުމަށްފަހު ނިތަށް ރޫއަރައިގެން ދިޔައީ ދެބުމަ ކައިރިކޮއްލުމުންނެވެ. އަވަސް އަވަހަށް ދެފަރާތަށް ބޯހޫރުވާލުމަށްފަހު ފުންނޭވާއެއް އޭނަ ލިއެވެ. ކުއްލިއަކަށް ތުންފަތަށްވެރިވި ހިނިތުންވުމާއިއެކު އޭނަ ބަލަހައްޓައިގެން އިނީ ކޮޓަރިން ނުކުމެގެން އަންނަ ޝަބާއަށެވެ.

“ކާން ދޯ ތިއައީ…” ޝަބާއަށް ސިޓިން ރޫމުގެ ތެރެއަށް އާދެވުމާއިއެކު ވަފިއްޔާ އަހާލިއެވެ. އޭނަގެ އަޑުގައިވެސް ކެތްތެރިކަން ކުޑަވެފައިވާ ކަހަލަ ގޮތެއް ހުއްޓެވެ.

“މަންމަ ކައިފިންތަ؟، ކޮބާ ޝިހާނާ އާއި ދޮންތަ؟ އެމީހުން ކައިފިތަ” ޝަބާ އާދައިގެ މަތިން އަހާލިއެވެ.

“ބަތްތަވާ މަތިން ހިނދެންވާއިރަށް ޝަބާގެ ދޮންތަ ކާނެކަން އެނގެއެއްނު، ދެން ޝިހާނާ، އޭނަ މިއަދު ޑިއުޓީ ނެތީމަ ހޭލީ މެންދުރުވީ ފަހުން، ހޭލިގޮތަށް ކާއެއްޗެއް ނުކައި ފެންވަރާލައިގެން ބޭރަށް ގޮއްސި، މައަހާ އަހާވެސް ނުބުނި ދަނީ ކޮންތާކަށްކަމެއް…. ކޮންމެ މީހަކު ކާންވީމަ ކާނެ، އަހަރެން މިގޭގަ ކައްކާފަ ހުންނާނީ، ޝަބާ…” ވަފިއްޔާ ސޯފާއިން ތެދުވެގެން ޝަބާ އާއި ދިމާލަށް އައެވެ. ކާމޭޒު ކައިރީ އިށީނުމަށެވެ. އޭރު ޝަބާ ތައްޓަށް ކާއެއްޗެހި އަޅަން އުޅެއެވެ.

“ޝަބާ… މަންމަވެސް ކައިފިން، ދަރިފުޅު ހާދަ މަދުން ތިކަނީ” ވަފިއްޔާ އޯގާތެރި ރާގެއްގައި ބުނެލިއެވެ.

“މިވަރު މަދުތަ… އެހާ ގިނައެއްކޮށް ނުކެވޭނެ” ކާމޭޒު ދޮށުގައި އިށީން ޝަބާ ބަތްތައްޓަށް ބަލާލަމުން ބުނެލިއެވެ. އަދިވެސް އޭނަގެ ހިތާ ސިކުނޑިވަނީ ސުވާލުތަކުން ފުރިފައެވެ. ވަފިއްޔާގެ ޢަމަލުތަކާއި ވާހަކަދެއްކުމުގެ ރާގު ހުރިގޮތުންނެވެ. އެކަމަކު އެސުވާލު ކުރާކަށް ޝަބާއަކަށް ނުކެރުނެވެ. އޭނަ ކެތްތެރިކަމާއިއެކު މަޑުމަޑުން އިނީ ހުދު ވަފިއްޔާ އޭނަގެ ހިތުގައިވާ އެއްޗެއް ޝަބާއަށް ހާމަ ކުރަންދެންނެވެ. އެކަން އެގޮތަށް ވާނެކަން ޝަބާއަށް އެނގޭތީއެވެ.

“ދަރިފުޅު ރަނގަޅަށް ކާން ޖެހޭނެއެއްނު، އޭރުން ގައިގަ ވަރުހުންނާނީ….ޝަބާ…. މަންމަ…. މަންމަ ވާހަކައެއް ދައްކާލަން ބޭނުން” ވަފިއްޔާ މިހެން ބުނެ ޝަބާގެ މޫނަށް ބަލާލިއެވެ. ކޮންމެވެސް ވަރެއްގެ ޖެހިލުންވުމެއް ވަފިއްޔާގެ އަޑުގައި ހުރިކަން ޝަބާއަށްވެސް ފާހަގަކުރެވިގެންދިޔައެވެ.

“މަންމަ ކުރިންވެސް އަހަންނާ ވާހަކަދައްކަމެންނު، ދެން ބުނެބަލަ…. މިއިނީ އަޑުއަހަން” ޝަބާ އަނގަ ހުސްކޮއްލުމަށްފަހު ވަފިއްޔާއަށް ޖަވާބު ދިނެވެ.

“ދަރިފުޅު ދެން ތިހެންތަ އުޅޭނީ” ވަފިއްޔާ ބޯއަރިކޮއްލާފައި ޝަބާއަށް ބަލާލަމުން އަހާލިއެވެ.

“އަހަރެން ގޯސް ގޮތަކަށް ނޫޅެން، ކީއްވެ މަންމަ ތިހެން ތިބުނީ” ޝަބާ ވަރަށް ހައިރާންވެފައި ބުންޏެވެ.

“މަންމަ….މަންމަ ބުނަން މިއުޅެނީ ޝަބާ ގޯސްކޮށް އުޅޭ ވާހަކައެއް ނޫނޭ، މަންމަ ބޭނުން ޝަބާ އަލުން ދިރިއުޅުމެއް ފަށަން، އެކަމާ ދޭތެރޭ ދަރިފުޅު ނުވިސްނަންތަ…” ވަފިއްޔާގެ ވާހަކަ ނުނިމެނިސް ޝަބާ ވާހަކަދައްކަން ފެށިއެވެ.

“މަންމާ، ޕްލީޒް…. އަލުން ކައިވެންޏެއް ކުރާކަށް އަހަރެން ބޭނުމެއްނޫން، މިހެންވެސް މިއުޅެވެނީއެއްނު… ދެން އަލުން އެކަހަލަ ކަމަކާ ކުރިމަތިލާނެހާ ހިތްވަރެއް އަހަރެންގެ ނެތް” ޝަބާގެ ހިތުގައިވި ޒަޚަމްތައް އާވިކަހަލައެވެ. ވަފިއްޔާގެ ފަރާތުން އެފަދަ ވާހަކައެއް އަޑުއިވުމުން ހައިރާންވެސްވިއެވެ. އެއީ ވަފިއްޔާއަކީ އެއްވެސް ދަރިއެއްގެ އަމިއްލަ ދިރިއުޅުމަށް ފާޑުކިޔާ މަޔަކަށް ނުވާތީއެވެ. ވަފިއްޔާގެ އޮންނާނީ ހަމައެންމެ ޝަރުތެކެވެ. އެއީ ރައްޓެހިވެގެން ދެމީހުން މާގިނަ ދުވަހު އުޅެގެން ނުވާނެއެވެ. ވީހާވެސް އަވަހަށް ކައިވެނި ކުރަން ޖެހޭނެއެވެ. ވަފިއްޔާ ދެކޭ ގޮތުގައި އެހެންނޫނީ ގޯސް ޢަމަލެއް ކުރެވިދާނެތީއެވެ.

“ޝަބާ، މަންމަ ދުވަހަކުވެސް ޝަބާގެ ދިރިއުޅުމަށް ފާޑެއް ނުކިޔަން، ހުދު މަންމަވެސް ހީނުކުރަން ރާއިދުގެ ފަރާތުން އެފަދަ ޢަމަލެއް ފެނިދާނެކަމަށް، އެކަމަކު ކީއްކުރާނީ، މަންމަ ބޭނުން އަލުން ޝަބާ އުފަލުގަ އުޅޭތަން ބަލަން، ދަރިފުޅުގެ ތިއެކަނިވެރި ދިރިއުޅުން މަންމައަށް ނޭނގެނީކީއެއް ނޫން…” ވަފިއްޔާގެ އަޑުގައިވަނީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމާއި އޯގާތެރިކަމެވެ.

“ނޫން މަންމާ، ތިކަމެއް ނުވާނެ…. ” ޝަބާއަށް އިތުރަށް އެންމެ އެތިކޮޅެއްވެސް ނުކެވުނެވެ.

“ޝަބާ، ދަރިފުޅު ކައިރިން މަންމަ ދުވަހަކުވެސް ކަމަކު ނޭދެން، އެކަމަކު މިފަހަރު މިއެދެނީ… ޝަބާ އަލުން ކައިވެނި ކުރަންވީ… އޭރުން ތިއެކަނިވެރި ދިރިއުޅުން ބަދަލުވެދާނެ، ތިފޫހިކަން ފިލާ ދުނިޔޭގެ ރީތިކަން އަލުން އިޙްސާސް ކުރެވެންފަށާނެ، މަންމަ ޝަބާއަށް ދެރައެއް ނޭދޭނެއެއްނު، ދެން ޝަބާ ހީކޮއްފާނެ މަންމަ ޝަބާ މިގޭން ފޮނުވާލަން ބޭނުންވަނިއްޔޭ، އެހެނެއްވެސް ނޫން، މަންމަގެ އެދުމަކީ މަރުވުމުގެ ކުރިން އަލުން ޝަބާ ކައިވެންޏެއްކޮއްގެން އުފަލުގައި އުޅޭތަން ދެކިލުން، މިހާރު މަންމަވެސް މިހުރީ މުސްކުޅިވެ މިކޮޅަށްވުރެ އެކޮޅު ގާތްވެފަ…..މިމަންމައަށް އެވަރު ކަމެއްވެސް ކޮއްނުދެވޭނެތަ….. ބުނެބަލަ، ޝަބާ މި މަންމައަށްޓަކައި އެވަރު ކަމެއް ކޮށްނުދޭނަންތަ؟” ވަފިއްޔާ ވަރަށް ދެރަވެފައި އިނދެ މޭޒުމަތީގައި އޮތް ޝަބާގެ އަތުގައި އަތްބާވާލިއެވެ. އަދި އިސްޖެހިފައި އިން ޝަބާގެ މޫނަށް ވަރަށް ވިސްނުންތެރި ކަމާއިއެކު ބަލަމުން ދިޔައެވެ. އޭރު އޭނަގެ ހުށަހެޅުން ޝަބާ ގަބޫލުކުރާނެ ނަމައޭ ވަފިއްޔާގެ ހިތަށް އަރަމުންދިޔައެވެ.

ޝަބާގެ މޫނު އެއްކޮށްހެން މިލައިގެން ގޮސްފިއެވެ. ބަސްހުއްޓިފައި އޭނަ އިން އިރު އެދެލޮލަށް ކަރުނަތައް ޖަމާވަމުންދިޔައެވެ. ރާއިދުގެ ހަނދާންތަކާއި އޭނަ އަދިވެސް ވަކިނުވާކަން އެކަރުނަތައް ސާބިތުކޮއްދޭން އުޅޭކަހަލައެވެ. ހިތަށްވީ ތަދު އިޙްސާސް ކުރަންވެސް ކުޅަދާނެނުވިއެވެ. ޝަބާ ބަހެއްނުބެނެ ހިމޭންކަމާއިއެކު ގޮނޑިން ތެދުވެ ތަށިހިފައިގެން ސިންކުގެ ކައިރިއަށް ދިޔައެވެ. އަދި ތިރީގައި ހުރި ކަބަޑު ހުޅުވާލުމަށްފަހު އޭގައި ހުރި ޑަސްބިނަށް ނުކެވި ބާކީވެފައި ހުރި ބަތްކޮޅާއި މަސްކޮޅު އަޅާލުމަށްފަހު ތަށިދޮންނަން ފެށިއެވެ.

“ޝަބާ… ކޮންމެވެސް އެއްޗެއް ބުނެބަލަ…. ނޫނީ ތިހިމޭންކަމުގައިވަނީ ނޫނެކޭ ކަމަށް މަންމަ ގަބޫލުކުރަންވީތަ” ވަފިއްޔާ ކާމޭޒުމަތީ ބާއްވާލާފައިވާ ދެއަތް ޖޯޑުކޮއްލުމާއިއެކު ބުނެލިއެވެ. އެއާއިއެކު އޭނަގެ ދެބުމަ ކައިރިވެ ނިތަށް ރޫއަރައިގެން ދިޔައެވެ. ހިތްހަމަ ނުޖެހިފައިވާ ކަހަލަ ގޮތަކަށެވެ. އެމަންޒަރު ތަށިދޮންނަން ސިންކަށް ކުރިމަތިލައިގެން ހުރި ޝަބާއަކަށް ނުފެނެއެވެ.

“މަންމާ، ތިއެދެނީ ހާދަ ބޮޑު ކަމަކަށޭ، އަހަރެންގެ ދިރިއުޅުމަށް އިތުރު މީހަކު ގެންނަން އަހަރެން އަދި ތައްޔާރެއްނޫން، މަންމައަށް އަޅެ ވިސްނޭނެނަމަ” ޝަބާ ދޮވުނު ތަށި އޭތި ހުންނަންވާ ތަނަށް ލަމުން ވާހަކަދެއްކިއެވެ. އޭނާ ވަފިއްޔާއަށް ނޫނެކޭ ބުނަން ނުކެރުނީއެވެ. އެކަމަކު އާއެކޭ ބުނާކަށްވެސް ބޭނުމެއްނޫނެވެ.

“ތި ބިރު ފިލައިގެން ނުދާނެ ދުވަހަކުވެސް، މަޑުކުރަން ޖެހެންޏާ އަބަދުވެސް ޖެހޭނީ މަޑުކުރާހާ، ޝަބާ، މަންމަގެ ހިތް ނުބުނޭ މިފަހަރު އެހެންވާނެއެކޭ، ހުރިހާ އެންމެންނަކީ ރާއިދުއެއްވެސް ނޫނެއްނު…” ވަފިއްޔާ އޭނަގެ ދަރިފުޅަށް ވިސްނާދޭން މަސައްކަތްކުރިއެވެ. ޝަބާގެ ހިޔާލު ބަދަލުކޮއްލެވޭތޯއެވެ.

” މަންމާ، އަހަރެން އެކަމާ އަދި ނުވިސްނަމޭ، އަނެއްކާ އަހަންނާ އިންނާނީވެސް ކާކު” އެންމެ ފަހުން ޝަބާ ބުންޏެވެ. ވަފިއްޔާ ދައްކަން ފަށައިފި ވާހަކައެއް ނުހުއްޓާނެކަން ޝަބާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އޭނަ ހީކުރީ އިންނާނެ މީހަކު ނެތޭ ބުނުމުން ވަފިއްޔާ އެވާހަކަ ހުއްޓާލާނެ ކަމަށެވެ. އެހެންނަމަވެސް ވަފިއްޔާ ދެންދެއްކީ ޝަބާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަފަދަ ވާހަކައެކެވެ. އޭނަގެ މޭގައި ހިނގަމުން ދިޔަ ހިތް ހުއްޓި މުޅި މީހާ ގަނޑުވިކަހަލައެވެ.

“އެކަމާ ދަރިފުޅު ނުވިސްނަބަލަ، މިހާރު އެއްފަހަރު ޝަބާ ލޯބިވެގެން ކުރިކައިވެނިން ކަރުބުޑުގައި ލީ ރަހަ އެނގިއްޖެއެއްނު، އެހެންވެ، މަންމަ މިފަހަރު ދަރިފުޅަށް ބައިވެރިއަކު ހޯދައިފިން…” ވަފިއްޔާ ހިނިތުންވެލަމުން ބުނެލިއެވެ. އޭނަގެ އަޑުވެސް އާމުކޮށް ހުންނަ ހަރުކަށިގޮތްގަނޑަށް ބަދަލުވެގެން ދިޔައީ ކުޑަސިކުންތުކޮއްޅެއްގެ ތެރޭގައެވެ.

“ހޯދައިފީމޭ…” ލިބުނު ޝޮކާއިއެކު ދެލޯ ބޮޑުވެފައި ހުރި ޝަބާއަށް އަހާލެވުނެވެ.

“އާން، ޝަބާގެ ބައްޕަވެސް ގަބޫލު” ވަފިއްޔާ އަވަސް އަވަހަށް ބުނެލިއެވެ. ޝަބާއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ވަފިއްޔާއަށް އޭނަގެ ހިތުގެ ރިހުން އެނގެޔޭ ބުނީ ހަމަ އެރިހުން އިޙްސާސް ކުރެވިގެންބާއޭ ޝަބާގެ ހިތުގައި ސުވާލު އުފެދުނެވެ. ގަބުވެފައި ވަފިއްޔާ އާއި ދިމާލަށް ބަލަން ހުރެވުނީއެވެ. ދެންވެސް ވާހަކަދެއްކީ ވަފިއްޔާއެވެ.

“ޝަބާއަށް ނޭގެ އެނގޭނެ ކަމެއް، މަންމަގެ ރަޙުމަތްތެރިއެއް ހުންނާނެ ސަމީރާ ކިޔާ، މިހެން ބުންޏަސް ފަހަރެއްގައި ޝަބާއަށް އެނގިވެސް ދާނެ، އެގެ ހުންނާނީ ތިިއްތައްތަމެންގޭ ކުރިމައްޗަށް ވާކަހަލަ ގޮތަށް، އޭނަގެ ދެ ފިރިހެން ކުދިންގެ ތެރެއިން ކުއްޖަކު ކައިވެނި ކުރަން ބޭނުންވަނީ، ޝަބާއަށްވުރެ އެންމެ އަހަރެއް އޭނަ ބޮޑުވާނީ، ވަރަށް މޮޅަށް ކިޔަވައިގެން ހުރީ، އަނެއްކާ ބަލާލަންވެސް ނުލާހިކު ރީތި، އަޙުލާގުވެސް ވަރަށް ރަނގަޅުވާނެ، ސަމީރާމެންނަކީވެސް ނުލާހިކު ރަނގަޅު ބައެއްވިއްޔަ…. އެނގޭތަ ދަރިފުޅުގެ ކައިވެންޏަށް އެދުނީވެސް ހުދު ސަމީރާ، ޝަބާއަށް މީ ވަރަށް ރަނގަޅު ފުރުޞަތެއް، އަލުން ރަނގަޅު ދިރިއުޅުމެއް ފަށަން ލިބުނު ރަނުގެ ފުރުޞަތެއް…. އަހަރެން މިހުރީ މިކަމާ ވަރަށް ހިތްހަމަ ޖެހިފަ، އަހަރެން ބުނިން ސަމީރާ ގާތު ޝަބާ އަހަރެންގެ ބަސް ގަބޫލު ކުރާނެޔޭ، އެހެން ދަރިންގޮތެއް ނުވާނެޔޭ ޝަބާ…. ގަބޫލު ދޯ” ވަފިއްޔާ އެންމެފަހުން ވާހަކައިގައި ހުރެ ގޮނޑިން ތެދުވެ ގަބޫލުތޯ އެހިއެވެ. ވަރަށް ހިނިއައިސްފައި ހުރެއެވެ.

“މަންމާ، ޕްލީޒް… ހުރިހާ ކަމެއް ނިންމަންވާނީ އަހަރެން ކައިރީވެސް އަހާފައެއްނު، މި ދައްކަނީ އަހަރެންގެ ދިރިއުޅުމުގެ ވާހަކައެއް ނޫންތަ” ޝަބާ މިހެން ބުނިއިރު އޭނަގެ އަޑުގައި މަޑު ތުރުތުރެއް ހުއްޓެވެ. އެކަމަށް ވަފިއްޔާގެ އެއްވެސް ފަރުވާލެއްނެތެވެ. އޭނަ އަށް ޝަބާގެ މޫނުމައްޗަށް އަރާފައިބަމުންދާ ކުލަތައް ނުފެންނަނީކީ ނޫނެވެ.

“އެއްކަލަ ޝަބާ، އަހަރެން ބުނާގޮތަށް އެއްފަހަރު ކަމެއް ކޮއްލިއްޔާ ކީއްތަވާނީ، އަޅެފަހެ އަހަރެން މިއުޅެނީ ޝަބާއަށް ދެރައެއްދޭންތަ، ތިގޮތަށް މުޅިއުމުރު ހުސްކޮއްލިޔަސް ރާއިދުއެއް ނާންނާނެ ޝަބާގެ ހާލު ބަލާލާކަށްވެސް، އަނެއްކާ އަންހެން ކުއްޖަކު ހުހަށް މާގިނަ ދުވަހު ހުރުމަކީ ރަނގަޅު ކަމެއްނޫން، ނުލާހިކު ރަނގަޅު އާއިލާއަކުން އައި ހުށައެޅުމެއް އެއީ، ބަލަ އެއްދޮރު ބަންދުވާއިރަށް އަނެއްދޮރު ހުޅުވޭނެޔޭ ބުނެއެއްނު، މީ އެދޮރުކަމަށްވެސް ވެދާނެ، ރަނގަޅު ގޮތެއްވާން ޝަބާ ބޭނުންނުވަނީ ދޯ… ނޫނީ އަހަރެން މިވަރަށް ބޭނުންވެގެން ކިޔާތީ ކުރަން ބޭނުންނުވަނީތަ”  ވަފިއްޔާގެ އަޑުބަދަލުވެ ޝަބާ އާއި ދިމާލަށް ހަޅޭލަވާ ގޮތަށް ބުންޏެވެ.

“މަންމާ، އަހަންނަށް…. އަހަންނަށް… ވިސްނަން ދުވަސްކޮޅެއް ދީ…. އާދޭސްކޮއްފަ މިބުނީ… އަހަންނަށް ދުވަސްކޮޅެއް ދީ” ޝަބާއަށް ވަފިއްޔާގެ ހަރުކަށިއަޑު އިވުމާއިއެކު ރޮވިއްޖެއެވެ. މަޑުމަޑުން ގޮސް ވަފިއްޔާގެ އަތުގައި ދެއަތުން ހިފާ އާދޭސްކުރިއެވެ.

“މައްސަލައެއްނެތް، އަހަރެން ޝަބާ ވިސްނަން ދެދުވަސް މިދެނީ، އެއަށްވުރެ ގިނަދުވަހެއް ނުދެވޭނެ، މިއަދުމީ ބުދަ، ހުކުރު ދުވަހު ސަމީރާމެންގެ ދެމަފިރިން ބުނެފަ އޮތީ ޝަބާ ގޮވައިގެން މެންދުރު ކެއުމަކަށް އެގެއަށް އައުމަށް، ޝަބާ ވިސްނާނެ ވަރަކަށް ވިސްނަންވީ އެކަމަކު އަހަރެން ބޭނުމެއްނޫން ސަމީރާމެންނަށް ނޫނެކޭ ބުނާކަށް، އަހަރުމެން ހާލުގަ އުޅުނު ދުވަސްވަރު އެންމެ ބޮޑަށް އެހީވެދިން މީހަކީ ސަމީރާ…. އެހެންވެ އޭނައަށް ނޫނެކޭ ބުނަން އަހަރެން ބޭނުންނުވަނީ، ޝަބާއަކީވެސް ކުޑަކުއްޖެއްނޫން، އަހަރެން މިބުނާއެއްޗެއް އެނގޭނެ…” ވަފިއްޔާ ރުޅިއާއިއެކު ފުންނޭވާއެއް ބޭރުކޮއްލިއެވެ.

ވަފިއްޔާގެ ވާހަކަ އަޑުއަހަން ހުރި ޝަބާއަށް ބާރަށް ރޮވިދާނެކަން ޔަގީންވުމުން ދުވެފައި އޭނަގެ ކޮޓަރިއަށް ދިޔައެވެ. ކޮޓަރީގެ ދޮރު ކޮއްޕަލުމާއިއެކު އެނދުމައްޗަށް ވެއްޓިގަނެ ބާލީހުގައި ބައްދާލަމުން ބާރަށް ރޮމުންދިޔައެވެ. ދޮރުވެސް ކޮއްޕާލެވުނީ މާބާރަށްކަން އެނގުނީ ދޮރުފަތް ޖެހުނު އަޑުއިވުމުންނެވެ. އެވަގުތު ގޭތެރެއިން ވަފިއްޔާގެ ބާރުއަޑުވެސް އިވިގެންދިޔައެވެ.

“ރާއިދު…. މީ ރާއިދު އާއި ހެދި ވާހާ ކަންތައް، ރާއިދު ކޮބާތަ… ކޮންތާކުތަ ތިއުޅެނީ… އަހަރެންގެ މަތިން އެއްފަހަރުވެސް ހަނދާންނުވަނީތަ، އަހަރެން މިވަރަށް ރާއިދުގެ މަތިން ހަނދާންވެ ރޮވޭއިރު، ރާއިދު އަހަރެންގެ މަތިން އެއްވެސް ވަރަކަށް ނުވިސްނަންތަ…. ހެޔޮނުވާނެ، އަހަރެންގެ ގާތަށް އެނބުރި އާދޭ…. އާދޭ ރާއިދު…. މަންމާ…. މަންމަވެސް…. މީ އަހަރެންގެ ދިރިއުޅުން، އަހަރެންގެ ހަޔާތް، އެހެންމީހަކާ އިންނާކަށް ބޭނުމެއްނޫން…. އަހަރެން ދުނިޔޭގެ ހުރެގެން އެންމެނަށް އުނދަގޫވަނީތަ…” ޝަބާ ރޮމުން ގިސްލަމުން އަމިއްލަ ޒަމީރާ ވާހަކަދެއްކިއެވެ. އޭނަގެ ސިކުނޑި ހީވަނީ ފަޅައިގެންގޮސް ބޮމެއްހެން ގޮވާފާނެހެންނެވެ. ރަނގަޅު ގޮތެއް ނުވިސްނެއެވެ. ކޮއްގެން ނުވާނެ އެތަށް ކަމެއް ޝަބާގެ ހިތަށް އަރަމުންދިޔައެވެ. މަރުވަންވީ ބާއެވެ. ނޫނީ ގޭން ފިލައިގެން ދާންވީ ބާއެވެ. ވަފިއްޔާގެ ގޮތް ޝަބާއަށް ރަނގަޅަށް އެނގޭތީއެވެ.

ކުއްލިއަކަށް ފޯނު ރިންގުވާއަޑު އިވެންފެށިއެވެ. ރޮއެ ރޮއެ އޮތް ޝަބާ ބޯހިއްލާލަމުން އެނދުމަތި ބަލާލިއެވެ. ފޯނު ފެނޭތޯއެވެ. ނަމަވެސް ރިންގުވާއަޑު އިވެމުންދިޔައީ ރީތިވާ މޭޒުކައިރީ ހުރި އަތްދަބަސް އަޅުވާ ހަރުގަނޑު ކައިރިންނެވެ. ޝަބާ އޮފީހުން އައިސް އަތްދަބަހުން ފޯނު ނަގަން ހަނދާންނެތުނުކަން އެނގުނީ ދެނެވެ.

“މިގަޑީގަ ކާކުތަ އެގުޅަނީ… މަންމަ މަގޭ ނަންބަރުވެސް ދިނީތަ އެމީހުންނަށް… ވަރަށް ފޫހިވޭ…” ރޮވިފައިވާ އަޑަކުން އެނދުން ތެދުވި ޝަބާ ބުނެލިއެވެ. ދެލޯ ފޮހެމުން ފޮހެމުން އައި ޝަބާ އަތްދަބަހުގެތެރެއިން އޭނަގެ މޯބައިލް ފޯނު ނެގިއެވެ. ދިއްލެމުންދިޔަ ފޯނުގެ ސްކްރީނަށް ބަލާލުމަށްފަހު އަވަސް އަވަހަށް ނަގާ ކަންފަތުގައި ޖަހާލިއެވެ.

“ނީރާ….ނީރާ….” ޝަބާއަށް ދެންވެސް ރޮވުނީއެވެ.

“ޝަބާ، އޭ… ރޮނީތަ… ކިހިނެއްވީ…. އަނެއްކާ… ރާއިދު… ރާއިދު…” ފޯނުގެ އަނެއްކޮޅުން ވާހަކަދެއްކި ނީރާ އެއްޗެއް ބުނަން އުޅުނެވެ.

“ރާއިދު އާއި ހެދި ހުރިހާ ކަމެއް މިވަނީ… ނީރާ، އޭނަދެން ހަމަ ނާންނާނެތަ، އޭނަ ހާދަ ކެއްގަދަޔޭ، އެކަހަލަ ހިތެއް އަހަންނަށްވެސް ލިބުނުނަމަ… ނޫނީ މިހުރިހާ ދުވަހު އަހަރެންތަ މިއުޅުނީ ރާއިދު އާއި ހެދި މޮޔަވެގެން، އޭނަ އަހަރެން ދެކެ ކުޑަކޮށްވެސް ލޯތްބެއް ނުވޭތަ…” ރޮވިފައި ޝަބާ ވާހަކަދެއްކިއެވެ.

“ޝަބާ ހަމަޖެހިބަލަ، އަހަރެން ތިގެއަށް ދަންތަ” ނީރާ އޭނަގެ ރަޙުމަތްތެރިޔާ އާއިމެދު ކަންބޮޑުވިވަރުން ބުންޏެވެ.

“ނޫން، ނޫން… މި ގަޑީގަ އަހަރެން ބޭނުންވަނީ އެކަނިވެލަން” ޝަބާ ބުންޏެވެ. އެގޮތް ނީރާއަކަށް ކަމަކު ނުދިޔައެވެ.

“އެކަމަކު އަހަރެން ބޭނުމެއްނޫން ޝަބާ ތިހާލުގަ އެކަނިވާކަށް، މިވަގުތު އެކުގައި ގާތް ރަޙުމަތްތެރިއަކުވުން އެއީ އެންމެ ރަނގަޅު ގޮތް، އަހަރެން މީ ޝަބާގެ އެންމެ ގާތް ރަޙުމްތެރިޔާއަށްވެ ހުރެ ނުކެރޭނެ ޝަބާ ދެރަވެގެން ތިގޮތަށް ރޯއިރު އެކަނި ދޫކޮއްލާކަށް، އަހަންނަށް ޝަބާގެ ތިހިތްދަތިކަމަށް ލުޔެއްނުދެވުނު ކަމުގައި ވިޔަސް ޝަބާގެ ހިތްދަތިކަމުގައި ބައިވެރިވުމަށް އެންމެ ގާތުގައި ހުންނަން ބޭނުން، އަހަރެންގެ ކޮނޑު ޝަބާ ހިތްފުރެންދެން ރޯލުމަށް ހުސްކޮއްލަން ބޭނުން…. ޝަބާ ކައިރިއަށް އަހަރެން ދާން ބޭނުންނުވަންޏާ، އަހަރެން ބޭނުންވަނީ ޝަބާ މިގެއަށް އަންނަން، އަހަރެން ޓެކްސީއެއް ފޮނުވަންތަ؟ ޕްލީޒް، މިވަގުތު އެކަނި ހުރުން އެއީ އެންމެ ބުއްދިވެރި ގޮތެއްނޫން” ނީރާ ވަރަށް އާދޭސް ކުރިއެވެ. ޝަބާއަށް އޭނަގެ ހުރި ހަމައެކަނި ގާތް ރަޙުމަތްތެރިޔާގެ އެދުމަށް ފުރަގަސްދޭކަށް ނުކެރުނެވެ. އަދި އޭނަގެ އަމިއްލަ ޒަމީރުވެސް ވިސްނާދިނީ މިވަގުތު ނީރާގެ ކައިރިއަށް ދިއުމަށެވެ. ގޭން ބޭރަށް ނުކުމެ ސިކުނޑިއަށް ލިބިފައިވާ ބުރަކަމާއި ހާސްކަމުގެ އުދާސްތައް ވައިގެތެރެއަށް ދޫކޮއްލުމަށެވެ. އަދި ހުރިހާ ވާހަކައެއް ނީރާއަށް ކިޔާދިނުމަށެވެ.

ޝަބާ މޫނު ދޮވެލައިގެން ހެނދުން ބަދަލުކޮއްލީ ނީރާމެންގެއަށް ދިއުމަށެވެ. ޝަބާގެ ސްކޫލު ދުވަސްވަރުން ފެށިގެން އެންމެ އެއްކޮށް އުޅެމުން އައި ހަމައެކަނި ރަޙުމަތްތެރިއަކީ ނީރާއެވެ. އޭނައަކީ ހިތްހެޔޮ ރަޙުމަތްތެރިއެކެވެ. ޝަބާގެ އިޙްސާސްތަކަށް ގަދަރުކުރާ އަދި އެމީހެއްގެ މައްޗަށް ޝަބާއަށް ބަރޯސާވެވޭވަރުގެ ގާތް ރަޙުމަތްތެރިއެކެވެ. ޝަބާ ޒަވާޖީ ހަޔާތެއް ފެށިއިރު އަދިވެސް ނީރާ އެކަހަލަ ހިޔާލެއް ނުކުރެއެވެ. ނީރާ އާއި އޭނަގެ ލޯބިވެރިޔާ އަމްރުއަށް ކައިވެންޏަކީ މުހިއްމު އެއްޗަކަށް ނުވަނީއޭވެސް ބައެއްފަހަރު ޝަބާގެ ހިތަށް އަރައެވެ. ނީރާއަކީ އަޒުމް ވަރުގަދަ ހިތްވަރުގަދަ އަންހެން ދަރިއެކެވެ. ސަރުކާރުގެ ރަނގަޅު ވަޒީފާއެއްގައި އުޅެމުންދާ ހީވާގި ކެރޭ ޒުވާނެކެވެ. އާއިލާއަށްވުރެވެސް ބޮޑު ހިތްވަރެއް ޝަބާއަށް ލިބޭ ހަމައެކަނި ފަރާތަކީވެސް ނީރާއެވެ.

“ޝަބާ، ކިހިނެއްތަ؟ ސައިބޯންވީނު” ޝަބާ ފެނުމާއިކުއެ ނީރާގެ މަންމަ ވަރަށް ހިނިއައިސްފައި ހުރެ ބުނެލިއެވެ.

“އުހޫން… ކައިގެން މިއައީ، ކޮބާ ނީރާ” ޝަބާ އޭނަގެ މަޑުމައިތިރި ކަމާއިއެކު ވާހަކަދެއްކިއެވެ.

“ސާބަސް، މަންމަ ސައިބޯން އަންނާށޭ އެބުނީ ޝަބާ ނުކައި ހުންނާނެ ކަމަކަށް ނޫނޭ، ހިނގާބަލަ ސައިބޯން، މަވެސް އަދި ހަވީރު ސައިނުބޮއެ މިހިރީ” ކޮޓަރިން ނުކުތް ނީރާ ބުނެލިއެވެ. އެއާއިއެކު ނީރާގެ މަންމަ ހީނލިއެވެ.

“ނީރާ، ސީރިއަސްކޮށް ސަޔެއްނުބޮވޭނެ” ޝަބާ އުޒުރުވެރިވިއެވެ.

“ދެން ކުޑަގޮތެއް ހަދާލެވިދާނެއެއްނު، ކޮފީއެއް ހަދައިދެންތަ، ޝަބާ ކޮފީ ބޮމެންނު….މަންމާ، ބަލާބަލަ މިހިރަ ޝަބާއެއް، އެއްދުވަހަށްވުރެ އަނެއްދުވަހު ހިކިހެން ހީވޭ، މީނަ ހަމަ ރަނގަޅަށް ނުކަނިއްޔޭ… މަށަށްވެސް ތިގޮތަށް ނުކައި ހުރެވޭނެނަމަ، މިމަހުވެސް މިއުޅެނީ އެއްކިލޯ ބަރުވެގެން” ނީރާ ވާހަކަދައްކަމުންދިޔައެވެ. އެއީ އޭނަގެ އާދައެވެ. ޝަބާ އެގެއަށް ދިއުމުން ހިތްހަމަޖެހޭ ކަމަކީވެސް އެއީއެވެ. އެގޭ މީހުންގެ ހިތްހެޔޮ ކަމާއި ނީރާގެ އެކުވެރިކަމެވެ. އޭނަގެ ސަމާސާ ވާހަކަތަކެވެ.

“މަންމަ މިހުންނަނީ ޝަބާއަށް އެހެން ނުބުނަންވެގެން، އަސްލުވެސް ހާދަ އަނަރޫފަވެއްޖެޔޭ މިމަންޖެ، މިގެއަށް އަންނަ ފަހަރު ޖެހޭނެ ރަނގަޅަށް ކާންދީފަ ގެޔަށް ފޮނުވާލަން…. މަންމަ ނީރާ އާއިއެކު ދެކުދިންނަށް ކޮފީތައްޓެއް ހަދައިދެންތަ” ނީރާގެ މަންމަ ޝީރީން އޯގާތެރި ކަމާއިއެކު ބުނެލިއެވެ. ނީރާ އަވަސް އަވަހަށް ބޯޖަހާލަމުން ހިނިތުންވެލިއެވެ. އަދި ޝަބާގެ އަތުގައި ހިފާ ދަމައިގަންނަމުން ކާމޭޒު ކައިރިއަށް ގެންގޮސް ގޮނޑިއެއްގައި ބޭންދިއެވެ.

“ކަމޯން ޝަބާ، މޫޑީ ވެފަ ނީނދެބަލަ، ތިހާސްކަން ފިލުވާލަބަލަ… ޕްލީޒް” ނީރާ ކަބަޑުސެޓު ކައިރީ ކޮފީ ގިރަން ހުރި ޝީރީނަށް ނީވޭނެހެން މަޑުމަޑުން ޝަބާއަށް ބުނެލިއެވެ.

“ކިހިނެއް… ހިނިތުންވެލެވިދާނެ، އެކަމަކު އަހަރެންގެ ހިތުގައި މިވާ ރިހުމަށް ޝިފާއެއްވޭތަ، މިއަދު އަހަންނަށް އެނގިއްޖެ އަދިވެސް އަހަރެން ރާއިދުދެކެ އެންމެ ފުރަތަމަ ދުވަހެކޭ އެއްގޮތަށް ލޯބިވާކަން، އެލޯތްބައް ބަދަލެއް ނާންނާނެކަން، އޭނަ އަހަންނަށް ކޮންމެ ގޮތެއް ހެދިނަމަވެސް…”ޝަބާ ދެރަވެގެން އިސްޖަހާލިއެވެ.

“ނޯ… ނޯ… ޝަބާ ރޯންނުފަށާތި، އޭރުން މަންމަވެސް ވަރަށް ކަންބޮޑުވާނެ… ސައިބޮއެގެން ކޮޓަރިއަށް ގޮސް ވާހަކަދައްކާލާނީ، މިހާރު އެހަށް ހަމަޖެހިލައިގެން ސައިބޯލާ، އަހަންނަށް އެނގޭ ޝަބާ ގޭގަ ރަނގަޅަށް ނުކާނެކަން، ނަސީބެއްކަންނޭގެ، އަހަންނަށް ގުޅުނީވެސް އެންމެ ރަނގަޅު ވަގުތު” ނީރާ ވާހަކައިގެ ދޭތެރެއިން ޝީރީނަށް ބަލަމުން ވާހަކަދެއްކިއެވެ. ޝަބާ މަޑުމަޑުން ބޯޖަހާލަމުން ނީރާއަށްޓަކައި ހިނިތުންވެލިއެވެ. ނަމަވެސް އެހިނިތުންވުމުގައި އެއްވެސް މާނައެއްނުވެއެވެ. އެއްވެސް ޝުޢޫރެއް ފާޅެއްނުވެއެވެ.

“އަން، މިހިރީ ކޮފީތަށި، ނީރާ، ދަރިފުޅު ސައިބޮއި ނިމިގެން ތަށިތައް ނަގާދީފަ ދައްޗޭ، މަންމަ މިދަނީ އިސްތިރިކުރަން” ޝީރީން ދެކޮފީތަށި ގެނެސް ނީރާ އާއި ޝަބާގެ ކައިރީ މޭޒުމަތީ ބަހައްޓަމުން ބުނެލިއެވެ. ނީރާ ބޮލުގެ އިޝާރާތުން އާއެކޭ ބުނެލިއެވެ.

އެއްވެސް ވާހަކައެއް ނުދައްކާ ޝަބާ އިންނަން ފެށުމުން ނީރާ އޭނަ އާއި ސުވާލު ކުރަންފެށިއެވެ. ޝަބާ ރޯންޖެހޭ ވަރުގެ ކަމެއް ގޭތެރޭގައި ހިނގީތޯ ސުވާލުކުރިއެވެ. ނޫނީ ރާއިދުގެ ފަރާތުން ކަމެއް ވީތޯއެވެ. ފިކުރެއްގައި މަޑުމަޑުން ކޮފީ ބޮމުންދިޔަ ޝަބާ ނީރާއަށް ބަލާލިއެވެ.

“އަހަންނަށް އަދިވެސް މިއުޅެނީ ރާއިދުގެ މަތިން ހަނދާންނައްތާ ނުލެވިގެން، ވީއިރު ކިހިނެއް އަހަރެން އެހެން މީހަކާ ގުޅޭނީ” ޝަބާގެ މޫނުމަތިންވެސް އޭނަ އެބުނަނީ ތެދެއްކަން ނީރާއަށް އެނގެއެވެ.

“ކީކޭ… ކާކު ޝަބާ އާއި ގުޅެން ބޭނުންވީ، އަނެއްކާ އޮފީހުން…” ނީރާ ސުވާލުގެ ނަޒަރަކުން ޝަބާއަށް ބަލާލިއެވެ.

“ނޫން، އެކަހަލަ އެއްވެސް ކަމެއްނޫން، އަހަރެންގެ ކައިވެނި ކުރުވަން ބޭނުންވެގެން އުޅެނީ މަންމަ” ޝަބާ ނީރާއަށް ބަލަހައްޓައިގެން އިނދެ މަޑުމަޑުން ބުނެލިއެވެ.

“އަޅޭ، ދެން ޝަބާ ނުބުނަންތަ މަންމަ ގާތު ޝަބާގެ ހިޔާލު ހުރިގޮތް” ނީރާ ކަންބޮޑުވެފައި އިން ރާގެއްގައި ބުނެލިއެވެ. ޝަބާ ނީރާއަށް ވަފިއްޔާ ދެއްކި ހުރިހާ ވާހަކައެއް ކިޔާދޭންފެށިއެވެ. ނީރާ ޝަބާގެ ވާހަކަތައް އަޑުއަހަމުން ސައިބޮއެ ނިމި މޭޒުމަތި ސާފުކޮށް ތަށިތައް ނެގުމަށްފަހު އޭނަގެ ކޮޓަރިއަށް ޝަބާ ގޮވައިގެން ވަނެވެ. ޝީރީނަށް އެމަންޒަރު ފެނުނަސް އެކަމާ އޭނަ އަޅާނުލަނީ، އަބަދުވެސް ނީރާ އާއި ޝަބާ އެކަނި ވާހަކައެއް ދައްކަން ބޭނުންވެއްޖެނަމަ އެވާހަކައެއް ދައްކާނީ ކޮޓަރީގައި ތިބެގެންކަން އޭނައަށް އެނގޭތީއެވެ. އެއީ އެދެކުދިންގެ ޅައުމުރުން ފެށިގެންވެސް އާދައެވެ.

“އެހެންވީރު ތިކަން ތިވަނީ ހާދަ ދެރަކޮށޭ، ޝަބާ މަންމަވެސް ނުވާނެ ދޯ މަޖުބޫރުކޮއްގެން، އެކަމަކު އަހަރެން ހިތަށް އަރާއެއްޗެއްވެސް އެބައޮތް…. އަހަރެންގެ ހިޔާލު ފާޅު ކުރުމުން ފަހަރެއްގަ ޝަބާ ހިތްހަމަ ނުޖެހި އިތުރަށް ދެރަވެދާނެތީ ކަންބޮޑުވޭ” ނީރާ ވިސްނުންތެރި ނަޒަރަކުން ޝަބާއަށް ބަލާލިއެވެ.

“ބުނެބަލަ، އަހަރެން ނީރާދެކެ ރުޅިއެއް ނާންނާނެއެއްނު… މިކަމަށް ނީރާގެ ހިޔާލެއް އޮތިއްޔާ ދީބަލަ” ޝަބާ އަވަސް އަވަހަށް ބުނެލިއެވެ.

“ޝަބާ… އަސްލު މިހާރު އަހަރެން ވަރަށް ރުޅިއައިސް ފޫހިވޭ ރާއިދު ދެކެ، އޭނައަށް ކޮން ހައްގެއްއޮތީ ޝަބާއަށް ތިހެން ހެދުމުގެ، އަހަރެން ބޭނުންވަނީ ޝަބާ ރާއިދުގެ މަތިން ހަނދާންނައްތާލަން، އެއީ އެއްވެސް އަގެއްހުރި މީހެއްނޫން، ޝަބާ އޭނަ އާއިމެދު ވިސްނާ ފިކުރުކޮށް ރޯތީވެ އަހަރެން ވަރަށް ދެރަވޭ… އެނގޭ ލޯބިވާ މީހަކު ހިތުން ފޮހެލުމަކީ ފަސޭހަކަމެއް ނޫންކަން…” ނީރާގެ ވާހަކަ ނުނިމެނިސް ކެތްތެރިކަން ކުޑަގޮތަކަށް ޝަބާ ވާހަކަދެއްކިއެވެ.

“ނީރާ ކީކޭތަ ބުނަން ތިއުޅެނީ… ސާފު ސާފުކޮށް އަހަންނަށް ބުނެދީބަލަ، އަހަރެންގެ ސިކުނޑި ނީރާގެ ތިޖުމްލަތަކުގައި ފޮރުވިފައިވާ މާނަ ދެނެގަތުމަށް މަސައްކަތް ކުރާވަރަށްވުރެ ވަރުބަލި” ޝަބާ ބުންޏެވެ.

“އަހަރެން ބުނަން މިއުޅެނީ… ފަހަރެއްގަ ޝަބާގެ މަންމަގެ ހިޔާލު އެއީ ރަނގަޅު ހިޔާލަކަށްވެސް ވެދާނެއޭ، އަހަރެންވެސް ބޭނުމެއްނޫން ޝަބާގެ މުޅި އުމުރު ރާއިދު ކަހަލަ މީހެއްގެ ހަނދާނުގައި ނިމިދާކަށް، އަހަންނަކަށް ނޭނގޭނެ ބުނާކަށް ޝަބާ އަލުން ކައިވެނި ކުރުމުން އެކައިވެނި ދެމިގެން ދާނެކަމެއް، އެކަކަށްވެސް ކުރިއަށް ވާންއޮތްކަމެއް ނޭނގޭނެކަން ޔަގީން… އެނގޭހާވެސް ކަމަކީ ޝަބާ ތިހެން ހުންނަ ކަމަށްވާނަމަ ދިރިއުޅުމާއިގެން ކުރިއަކަށް ނުދެވޭނެކަން، އެކަމަކު އެޔާ ހިލާފަށް އިތުރު ކައިވެންޏެއްކޮށް އަލުން އާފެށުމަކުން ފެށުން ގޯހެއްނޫން ކަންނޭގެ، އޭރުން ޝަބާއަށް ރާއިދުގެ ހަނދާންތަކާއި ދުރަށް ދިއުމަށް އިތުރު ހިތްވަރަކަށްވެގެންދާނެ” ނީރާ ވަރަށް ވިސްނައިގެން އިނދެ ވާހަކަދެއްކިއެވެ.

“ނީރާވެސް ތިބުނަނީ އަހަރެން އެކައިވެންޏަށް ގަބޫލު ވާށޭތަ” ޝަބާ ހައިރާންކަމާއިއެކު ބުންޏެވެ.

“އެހެންދޯ މިބުނެވެނީ… އެކަމަކު ޝަބާ ރާއިދުގެ ހަނދާންތަކާއި ދުވަހަކުވެސް ވަކިވާން ބޭނުންނުވާނަމަ އޭގަ އެހެން މީހަކަށް ކުރެވޭނެކަމެއް ނޯންނާނެ، އަހަރެން ޝަބާއަށް ތިކައިވެނި ކުރާށޭ ކިޔާ މަޖުބޫރެއް ނުކުރާނަން، އަހަރެންގެ ހިޔާލު މި ހުށައެޅީ… ޝަބާ އެކަމަށް ގަބޫލު ވުން އެއީ ޝަބާގެ އަމިއްލަ ކަމެއް” ނީރާ ޝަބާގެ ކޮނޑުގައި އަތްޖައްސާލަމުން ހިނިތުންވެލިއެވެ. އެއްވެސް އެއްޗެއް ނުބުނެ އިން ޝަބާ އިސްޖަހާލައިގެން އިންއިރު އޭނަ ދިޔައީ ކޮންމެވެސް ކަމަކާ ވިސްނަމުންނެވެ. ތުންފަތުގެ އެއްފަރާތުގައި ކުޑަކުޑަކޮށް ދަތްއަޅާލަމުން ދިޔައިރު ދޭތެރެއަކުން ދެބުމަ ކައިރިކޮއްލުމާއިއެކު ނިތަށް ރޫޖެހިލައެވެ. އަދި ފުންނޭވާއެއް ދޫކޮއްލަމުން ދެލޯ މަރާލައެވެ.

“ތިހާ ވަރަށް ތިވިސްނަނީ ކޮންކަމަކާތަ؟ ޝަބާ ހާސްވެ ކަންބޮޑުވާ ކަމެއް އޮތިއްޔާ އަހަރެން ގާތުވެސް ބުނީމަ ދޯ އެނގޭނީ… ” ނީރާ ހިތްހެޔޮކަމާއިއެކު ބުނެލިއެވެ.

“ނީރާ… އަހަރެން ބޭނުން ރާއިދު މަތިން ހަނދާންނައްތާލަން، އަލުން އާ ކައިވެންޏެއް ނުކުރިޔަސް އެކަން ވެދާނެއެއްނު، އެހެންނޫނަސް މަންމައަށް އެމީހުންނަކީ ކޮންބައެއްކަން އެނގުނުކަމުގައިވިޔަސް، އަހަންނަށް ނޭނގެ އެއީ ކޮންބައެއްކަމެއް… އަދި ކައިވެންޏަށްފަހު އަހަރެން އުޅެން ޖެހޭނީ ކިހިނެއްކަމެއް، ނުވެސް ދަންނަ ދެމީހުން ކިހިނެއް އުޅޭނީ، އެނުދަންނަ މީހާ އާއިއެކު އަހަރެން ކިހިނެއް ވަގުތު ހޭދަކުރާނީ… އަޖައިބެއް ފަދަ ކަމެއް، އޭނަވެސް އެގޮތަށް ކައިވެނި ކުރަން ގަބޫލުވީ ކީއްވެބާއޭ ހިތަށް އަރާ” ޝަބާގެ މޫނުމަތިން ނުތަނަވަސްކަން ފާޅު ވޭވޭ ހުއްޓެވެ.

“ހަމަޖެހިބަލަ ޝަބާ، ތިބުނީނު ހުކުރު ދުވަހު އެގެއަށް ދާވާހަކަ، އެހެންވީމަ އެގޭ މީހުންގެ ގޮތް ފެންނާނެއެއްނު، ދެން ތިބުނާ މީހަކީ ވެދާނެއެއްނު ޝަބާ ގޮތަށް ކުރިން މީހަކާ އިނދެފައި ހުރި މީހަކަށްވެސް… އަބަދުވެސް ފޮޒިޓިވްކޮށް ވިސްނަބަލަ، އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަށް، ޝަބާގެ މަންމަ ކައިރިން އޮޅުން ފިލުވަބަލަ، އެއީ މީހަކާ އިނދެގެން ހުރި މީހެއްތޯ، އެކަހަލަ މީހަކަށްވެއްޖެއްޔާ އަހަރެން އެހާ ގަބޫލެއް ނޫން…” ނީރާ ބުންޏެވެ.

“ދެން ނޭނގެ، އަހަރެން ގަބޫލުވިޔަސް އަދި ނުގަބޫލުވިޔަސް މަންމަ މިހާރު އެމީހުން ކައިރީ މިކައިވެންޏަކީ ކުރެވޭނެ ކައިވެންޏެއްކަން ޔަގީންކޮއްދީފި، ނީރާވެސް ތިބުނަނީ އަހަންނަށް އެންމެ ރަނގަޅުވާނީ އަނެއްކާވެސް އަލުން އާ ކައިވެންޏެއް ކުރީމައޭ… އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އަދި އަހަރެން މިދުނިޔެއަށް އުފަންކުރި މަންމަ، ތިދެމީހުން އަހަންނަށް ދެރަވާނެ ކަހަލަ އެއްވެސް ނިންމުމެއް ނުނިންމާނެކަން އަހަންނަށް އެނގޭ…” ޝަބާ ވަރަށް ދެރަވެފައި އިނދެ ބުނެލިއެވެ.

“އަހަރެންގެ ބަސް ގަބޫލު ކުރަމޭތަ ތިބުނީ” ހިނިއައިސްފައި އިން ނީރާ އަހާލިއެވެ. އެއާއިއެކު ޝަބާ ބޯޖަހާލީ އެނޫންގޮތެއް ނެތޭ ބުނާފަދަ ގޮތަކަށެވެ. ޝަބާ އިތުރަށް އޭނަގެ ދިރިއުޅުމާއިމެދު ވާހަކަދެއްކުމުގެ ބަދަލުގައި ދައްކަމުންދިޔަ ވާހަކަ އަމާޒު ކުރީ ނީރާއަށެވެ. އޭނަގެ ދިރިއުޅުމާއި ގުޅުވާލަމުންނެވެ.

“ވަފިއްޔާ، ކޮބާތަ ހުރިހާ ކުދިން… މިއަދު ނެތީތަ އެކަކުވެސް” މަޤްރިބް ނަމާދަށް ވުލޫކުރަން ފާހާނާއަށް ވަންނަން ދިޔަ މުހައިމިން އަހާލިއެވެ. އޭރު ވަފިއްޔާވެސް ނަމާދަށް އެރުމަށް ތައްޔާރުވަނީއެވެ.

“ޝާނީ އެބައުޅޭ ކަންނޭގެ ކޮޓަރީގަ، ނިދާފަ ކަންނޭގެ އޮންނާނީ…. ޝިހާނާ އާއި ޝަބާ ބޭރަށް ގޮސްވީ” ވަފިއްޔާ އޭނަގެ ފިރިމީހާ މުހައިމިނަށް ބަލާލުމެއްނެތި ބުނެލިއެވެ.

އިރުއޮއްސުމާއިއެކު ޝަބާވެސް މިސްރާބުޖެހީ ގެއާއި ދިމާލަށެވެ.  އޭނަ އައިސް ގެއަށް ވަންްއިރު އެކަކުވެސް ފެންނާކަށް ނެތެވެ. އަވަސް ފިޔަވަޅުގައި ޝަބާ ވަނީ އޭނަގެ ކޮޓަރިއަށެވެ. ނަމާދުކޮށް ޤުރުޢާން ކިޔެވުމުގައި އޭނަ އިޝާ ނަމާދަށް ގޮވަންދެން އިނެވެ. އިޝާ ނަމާދުން އަވަދިވެގެން އޭނަ ފުންނޭވާއެއް ބޭރުކޮއްލުމަށްފަހު ކޮޓަރިން ނުކުތެވެ. އާދައިގެ މަތިން ރޭގަނޑުގެ ކެއުން ތައްޔާރު ކުރާށެވެ.

“ދަރިފުޅު މިއަދު ބޭރަށް ދިޔަ ދުވަހެއްތަ؟” ރޭގަނޑުގެ ކެއުމުގައި ބައިވެރިވުމަށް ކާމޭޒު ދޮށުގައި އިށިން މުހައިމިން ޝަބާ އާއި ސުވާލުކޮއްލިއެވެ. ޝަބާ ހިނިތުންވެލަމުން ބޯޖަހާލީ އާނއެކޭ ބުނުމަށެވެ. އޭރު ވަފިއްޔާވެސް މުހައިމިނަށް ޖޫސްތައްޓެއް ހަދައިދީގެން އައިސް މޭޒުމަތީ ބިއްލޫރި ތަށި ބަހައްޓަނީއެވެ.

“ޝާނީ ކޮބާތަ، އަދިވެސް ނިދަނީތަ… ކިހާ ވަރަކަށް ނިދުނީމަތަ ނިދޭކަމަށްވަނީ” މުހައިމިން އޭނަގެ ކައިރީ ހުރި ގޮނޑީގައި އިށިން ވަފިއްޔާއަށް ބުންޏެވެ.

“މަށަށް ދޯ އެނގެނީ، އޭނަވެސް ބޮޑުވެފަ ހުރި އަންހެނެއް ވިއްޔަ، ގައިމު އަހަރެން އުޅޭގޮތް ނޫންކަން އެނގޭނެ، މިގޭގަ އެހެން ކުދިންވެސް މިއުޅެނީނު، މެންދުރު ކައިގެން ކޮޓަރިއަށް ވަންްގޮތަށް ނުނިކުމޭ… ” ވަފިއްޔާ މޫނު ހަދާލަމުން ބުނެލިއެވެ.

“ވަފިއްޔާ ދޭބަލަ ޝާނީއަށް ގޮވަން، އަހަރެން ވަރަށް ހިތްހަމަ ނުޖެހޭ އެމަންޖެ އުޅޭ ގޮތުން، ޝަބާ ނޫނީ މިގޭ ތެރެއިން ފެންނަ ދަރިއަކު ނޫޅޭނެ” މުހައިމިންގެ އަޑުގައިވެސް ވަނީ ހިތްހަމަނުޖެހުމެވެ.

“އަހަންނަކަށް ނުދެވޭނެ… ޝަބާ، ދޭބަލަ ދޮންތައަށް ގޮވަން…” ވަފިއްޔާ ޝަބާއަށް ބަލާލަމުން ބުނެލިއެވެ. ޝަބާ މޭޒުގެ ދޮށުގައި އިށީނދެ އިނދެފަވެސް ތެދުވެގެން ޝާނީގެ ކޮޓަރި އާއި ދިމާލަށް ދިޔައެވެ.

“ދޮންތާ… ދޮންތާ… ހޭލާތަ..” ޝަބާ ޝާނީގެ ކޮޓަރީގައި ޓަކި ޖަހާލަމުން ގޮވާލިއެވެ.

“ކިހިނެއްވީ؟ ހުޅުވާފަ ތިހިރީ…” ކޮޓަރި ތެރެއިން ޝާނީގެ އަޑުއިވުނެވެ. ޝަބާ އެކޮޓަރީގެ ދޮރު ހުޅުވާލި އިރު ލެޕްޓޮޕް ހިފައިގެން ޝާނީ އެނދުމަތީ އޮތްތަން ފެނުނެވެ.

“ދޮންތަ ކޮޓަރިން ނުނިކުންނާތީ ބައްޕަ އެހީ ނިދާފަ ހޯ އޮތީ، ކާން ހަދާފަ މިއައީ، އާދޭ ކާން، ބައްޕަވެސް އެބައިން” ޝަބާ ބުނެލިއެވެ.

“އޯކޭ ބުނެވިއްޖެއެއްނު، ދެން ދޭ… ބައްޕަވެސް ދެން އުޅޭނީ މާ އޯވާރ ވެގެން… ބުނޭ އަހަރެން މިގަޑީގަ ކާކަށް ބޭނުމެއްނޫނޭ” ރުންކުރު ގޮތަކަށް ޝާނީ ބުނެލިއެވެ.  ޝަބާ އެއްޗެއް ނުބުނެ އެކޮޓަރީގެ ދޮރު ލައްޕާލިއެވެ. އަދި ދެބުމަ އަރުވާލަމުން ދެފަރާތަށް ބޯހޫރުވާލިއެވެ. ވާނީ މިހެންކަން މާކުރިންވެސް ޝަބާއަށް އެނގޭ ކަހަލައެވެ.

“ދޮންތަ ހޭލާ އުޅެނީ، ބުނި މިހާރަކު ނޫނޯ ކާނީ” ޝަބާ އިށިންނަމުން ބުނެލިއެވެ.

“އެހެންވީރު ދަރިފުޅު އިށީނދެ ކާންފަށާ” މުހައިމިން ބުންޏެވެ. ޝަބާ ކާން ފެށިތަނާހެން ވަފިއްޔާ އޭނަގެ ފައިން މުހައިމިންގެ ފައިގައި މަޑުމަޑުން ޖަހާލަމުން ލޮލުގެ އިޝާރާތުން ޝަބާ ދައްކާލިއެވެ. އެވަގުތު މުހައިމިންވެސް މަޑުމަޑުން ބޯޖަހާލައިފިއެވެ.

“ދަރިފުޅު ގާތު މަންމަ ވާހަކައެއް ދެއްކިތަ…” މުހައިމިން އަހާލިއެވެ.

“މަންމަ ގާތު ބުނިން އަހަރެން ބޭނުންވާގޮތް، އެކަމަކު މަންމަ މިހާރު ހުރިހާ ކަމެއް އެވަނީ ނިންމާފަ، އަހަރެން ކައިރީ އެއްފަހަރުވެސް އަހާލިނަމަ…” ޝަބާ ކާންއިން ބަތްތައްޓަށް ބަލަހައްޓައިގެން އިނދެ ބުންޏެވެ. މުހައިމިނަށް އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. ދަރިފުޅުގެ އަޑުގައި ހަރުލާފައި ހުރި ނުތަނަވަސްކަމާއި އެމޫނުމަތި މިލާފައިވާވަރު ފެނުމުންނެވެ. ކުރެވެން މިއުޅެނީ ދަރިފުޅު ގަބޫލު ނޫން ކަމެއްކަން އޭނައަށް ވިސްނުނެވެ.

ދިހައެއް ޖެހިއިރު ވަފިއްޔާ އާއި މުހައިމިންގެ ދެމަފިރިން ނިދަން ކޮޓަރިއަށް ވަދެއްޖެއެވެ. ޝަބާ އިނީ ސިޓިން ރޫމުގައި ހުރި ޓީވީ ހުޅުވާލައިގެންނެވެ. އޭނަ ނިދަން ކޮޓަރިއަށް ދާން ބޭނުން ނުވެފައިންހެނެވެ. ވަފިއްޔާ ނިދަން ލާ ހައުސްކޯޓު ގަޔަށް ހެޔޮވަރު ކޮއްލުމާއިއެކު އަތުގައި ކޮލޯން ކޮޅެއް ހާކާލައިގެން އައިސް އެނދަށް އަރައިފިއެވެ. އޭރު މުހައިމިން ނިތުގައި އަތްބާއްވާލައިގެން އެނދުގައި އޮތެވެ.

“ކޮންފިކުރެއްގައި” ވަފިއްޔާ މުހައިމިނާއި ދިމާލަށް އެނބުރިލަމުން އަހާލިއެވެ.

“އަހަރެން ކޮން ފިކުރެއްތަ ކުރާނީ… އަހަރެންގެ ހުރިހާ ކުދިންގެ ތެރެއިން އެންމެ ރަނގަޅު ކުއްޖާގެ ދިރިއުޅުން ވިއްޔަ މި ހަލާކުވީ، ޝަބާ ބޭނުންނުވާ ހާލުގަ އަހަރުމެން ޝަބާގެ ކައިވެނި ކުރުވާކަށް މަށަކަށް ނުފެނޭ” މުހައިމިން ފިކުރުގެ ތެރެއަށް ގެއްލިއޮވެ ވާހަކަދެއްކިއެވެ.

“މި މުހައިމިނާ ހެދި ނޯންނާނެ ރަނގަޅު އެއްކަމެއްވެސް ވާކަށް، ބަލަ އޭނަގެ ގަބޫލުގަ ކުރި ކައިވެންޏަށް ވީގޮތް ނުފެނޭތަ، އަހަންނަށް ޔަގީން ޝަބާ އަމިއްލައަށް އިތުރު ކައިވެންޏެއް ނުކުރާނެކަން، އެކަމަކު އަދި އޭނަ އެގޮތަށް އުޅޭކަށް ނުވެއެއްނު، މުހައިމިން ނުވާނެ މިކައިވެނި ހުއްޓުވައިގެން، ހަމަ ރަނގަޅަށް އެނގޭނެ ސަމީރާމެންގެ ގޮތްވެސް… އެމީހުން އަހަރެންގެ ޝަބާ ބޭނުންވިކަންވެސް އެއީ ނަސީބެއް، ކައިވެނި ކުރީމަ ޝަބާވެސް ހަމައަކަށް އެޅިދާނެ… އޭރުން އެ ރާއިދުއެއްގެ މަތިންވެސް ހަނދާންނެތިދާނެ” މިހެންބުނެ ވަފިއްޔާ ތުންއަނބުރާލިއެވެ.

“އެކަމަކު ޝަބާގެ ހިތްހަމަ ޖެހުމަށްވެސް ވިސްނާލަންވާނެއެއްނު، އަހަންނަށްވެސް ތަންކޮޅެއް އަވަހީ އަދި އޭނަ މީހަކާ ދެވަން، ހަތްއަހަރުވީ ކައިވެންޏެއް ރޫޅިގެން އަހަރުވެސް ނުވަނިސް ވަފިއްޔާ ތިއުޅެނީ އަނެއްކާވެސް އެކުއްޖާ ކައިވެންޏެއްގައި ބަނދެލަންވެގެން، އަހަރުމެން މީގެ ކުރީގައިވެސް ޝަބާއަށް މަޖުބޫރެއް ނުކުރަމެއްނު އެކަހަލަ ކަންތައްތަކަކު…” މުހައިމިންގެ ވާހަކަ މެދުކަނޑާލީ ވަފިއްޔާއެވެ.

“ދެން ހެޔޮ… މުހައިމިނަކަށް ނޭނގޭނެ، އަހަރެންމީ ޝަބާގެ މަންމަ، އަހަންނަށް ވަކި ނޭނގޭނެތަ އޭނައަށް ރަނގަޅު ގޮތްތައް، މުހައިމިން އޭނަ ޅަކުރަން އުޅޭނެކަމެއްނެތް، އަހަރުމެންނަށް އަބަދު އޭނަގެ ގައިގާ ފިރުމަން ތިބެވޭނެތަ، އެކަހަލަ ކިތައް ކައިވެނިތަ ރޫޅެނީ، އެ އެންމެން ތިބެނީ މީހުނާ އަލުން ނީނދެއެއްނޫން، އަދި އަމުދުން ޅައުމުރުގައި ރޫޅޭ ކައިވެންޏެއްގެ ސަބަބުން މާޔޫސްވާކަށް ނުވާނެ” ވަފިއްޔާ ބުންޏެވެ. އަދި މުހައިމުނަށް ފުރަގަސްދެމުން އެނދުގެ ބިއްދޮށަށް އެނބުރުނެވެ. ހީވީ ދެން އެކަމާ ބަހުސް ކުރާކަށް ބޭނުމެއްނޫނޭ މުހައިމިނަށް އަންގާލިހެންނެވެ.

“އަހަރެން ވަފިއްޔާގެ އެއްވެސް ކަމަކަށް ހުރަސްއަޅާކަށް ނެތިން، އެކަމަކު ވިސްނާލުން ރަނގަޅު ދޯ… އަހަންނަށް އެނގޭ ސަމީރާމެންނަކީވެސް ގޯސްބައެއްނޫންކަން، މިވީހާތަނަށް އެމީހުންގެ ފަރާތުން އަޙްލާގީ މިންގަނޑު ކުޑަވާފަދަ އެއްވެސް ކަމެއް އަހަރެން ނުދެކެން، ހިތަށް އަރާ… ﷲ ގެ އިރާދަފުޅާއިއެކު އަހަރެންގެ ޝަބާއަށް މިކުރެވެން އުޅޭ ކައިވެންޏަކީ އެދަރިފުޅުގެ ނަސީބު ކަމުގައި ވާނެނަމައޭ” މުހައިމިން މިހެންބުނީ ވަފިއްޔާއަށްވެސް އަޑުއިއްވާލަން ބޭނުންވާ ފަދަ ގޮތަކަށެވެ.

“މުހައިމިނަށް އަބަދުވެސް ހީވާނީ އަހަރެންގެ ނިންމުން ކަމަކު ނުދާނެއޭ…” ވަފިއްޔާ ބިއްދޮށަށް އެނބުރިއޮވެ ބުންޏެވެ.

“ނޭނގޭނެއެންނު، ސަމީރާގެ އެދަރިއެއް މަށެއްވާ އަދި ލޮލަކުން ނުދެކެން، އެއީ ކިހިނެއް ހުރި ކޮންކަހަލަ މިޒާޖެއްގެ މީހެއްކަމެއްވެސް އަހަންނަކަށްވާ ނޭނގެ، އެކަހަލަ ކަންތައްތަކަކީ ވަފިއްޔާއަށް މުހިއްމު ކަންތައްތައްކަމުގައި ނުވެދާނެ، ވަފިއްޔާއަކީ ތަނަވަސްކަމަށް ލޯބިކުރާ މީހަކަށްވެފަ، އަބަދުހެން އަހަރެން ކައިރީ ކިޔަމެންނު، އަހަރުމެންގެ ކުއްޖަކަށްވެސް ނޭނގެނެޔޭ ފައިސާވެރިޔަކާ އިންނާކަށް، ސަމީރާ އަހަރުމެންގެ ޝަބާގެ ކައިވެނި ކުރާވާހަކަ ދެއްކުމުން ވަފިއްޔާގެ ހިތްއޮތްގޮތެއްވެސް އަހަންނަށް އެނގެނީއެއްނޫންވިއްޔަ…” މުހައިމިން ވަފިއްޔާ އާއި ދިމާލަށް އެނބުރިލަމުން ބުނެލިއެވެ.

“އެމީހުންގެ ފައިސާގަނޑު ބޭނުންވެގެން މަށެއް ނޫޅެން، ބަލަ މަތަ މިއުޅެނީ ސަމީރާގެ ދަރިއާއި ކައިވެނި ކުރަން، ބުނަން މުހައިމިން… އިތުރަށް އަހަރެން ރުޅިއަންނަ ގޮތަށް ވާހަކަ ނުދައްކާ ނިދަންއުޅޭ، މަށަށް ނުނިދިއްޖެއްޔާ، ކަލޭވެސް ނިދިޔަނުދޭނަން، މިހާރުވެސް ބޮލުގަ ރިއްސަން ފަށައިފި” ވަފިއްޔާ ކުރިއަށްވުރެ ބޮޑަށް ހިތްހަމަނުޖެހިފައި އޮވެ ބުންޏެވެ. އަދި ތެދުވެ ފައިކައިރީ އޮތް ރަޖާގަނޑު ދަމައިގަންނަމުން ގައިމަތީގައި އޭތި އަޅަމުން އަނެއްކާވެސް މުހައިމިނަށް ފުރަގަސްދީގެން އޮށޯވެއްޖެއެވެ. މުހައިމިނަށްވެސް ދައިރިފުޅުގެ ހިޔާލުގައި އޮއްވާ ނިދުނީ ކޮންއިރަކު ކަމެއް ނޭނގެއެވެ.

ހުކުރު ދުވަހުގެ ފަތިހަށް އިރު ފެނުން ތޮޅިލައިފިއެވެ. މަޑުމަޑުން އުދަރެސް އަލިވަމުން ދިޔައެވެ. ކޮޓަރީގެ އެނދުގައި އޮތް ޝަބާގެ ލޮލުން ދޭތެރެއަކުން ކަރުނަ ހިލިލައެވެ. ދެދުވަސް ހޭދަވެގެން ދިޔައީ ވިސްނުމާ ފިކުރުކުރުމުގެ ތެރޭގައެވެ. ޝަބާގެ ހިތް އެނިންމުމަކާއި ދޭތެރޭ ނުރުހުނަސް އޭނައަށް ކުރެވޭނެ ކަމެއް ނެތެވެ. ހިތާ ހިތުން އޭނަ ދުޢާ ކުރަމުން ދިޔައީ ކޮންމެވެސް ކަމަކާ ހެދި އޭނައަށް ކުރިމަތިވެފައި މިވާ ކަންތަކަށް ހައްލެއް ލިބޭތޯއެވެ. އޭރު އެނދުގެ އެއްފަރާތެއްގައި ފަތިސްނަމާދަށް އެރުމަށްޓަކައި ފަތުރާލި މުއްސަލަ އޮތްގޮތަށް އޮތެވެ. އޭގެ މަތީ ޝަބާގެ ނަމާދު ދޮޅި ފަތްޖަހާލާފައި އޮތެވެ. ނަމާދަށް ފަޔަށް މަހާލި އިސްޓާކީނު އަދިވެސް އޮތީ ޝަބާގެ ފައިގައެވެ. ފައިކޮޅު އެނދުން ބޭރަށް ލައިގެން އެނދުމައްޗަށް ވެއްޓިއޮތްއިރު އޭނަގެ މޫނުވަނީ ކަނާތުގެ ތެރޭގައި ފޮރުވާލެވިފައެވެ. ކުއްލިއަކަށް ޝަބާގެ ހަށިގަނޑަށް ހީވީ މަޑުމަޑު ފިނިކަމެއް އިޙްސާސްވެގެން ދިޔަހެނެވެ. އެއީ މުޅި ރޫޙަށް ހަމަޖެހުން ލިބިގެން ދިޔަފަދަ އިޙްސާސްއެކެވެ. މުޅި ސިކުނޑި ހިސާރުކުރީ ރޭގައި ޝަބާއަށް ފެނުނު ހުވަފެނުގެ ހިޔާލުތަކުންނެވެ. ދަމުނަމާދަށްފަހުވެސް ނިދިނައުމުން ކުރީ ސުންނަތުގެ ދެރަކުޢަތް ނަމާދެކެވެ. އެކަނިވެރިކަން އިޙްސާސް ކުރެވި ރޮވޭތީވެގެންނެވެ. މަންމަގެ ނިންމުން ބަދަލު ނުކުރެވޭނެކަން އެނގޭތީވެ ކުރެވެން އުޅޭ ކައިވެންޏާމެދު ބިރުގަންނާތީވެސް މެއެވެ. ހިތާ ސިކުނޑިއަށް ހަމަޖެހުން ދެއްވުންއެދި ދުޢާކުރުމާއިއެކު ޝަބާގެ ބޭނުމަކަށްވީ އޭނައަށް ކުރިއަށްދާންވީ މަގު ﷲ ތަޢާލާ އޭނައަށް އިލްހާމްކޮއްދެއްވުމެވެ. ކުޑަކުޑަވަގުތުކޮޅަކަށް ނިދުނެއްކަމަކު އޭނައަށް ފެނުނު ހުވަފެނުގައި އިޙްސާސްކުރެވިގެންދިޔަ އުފާވެރިކަން ހިތަށް ހަމަޖެހުން ލިއްބައިދިނެވެ. އޭނައަށް ފެންނަނީ ނުދަންނަ ޒުވާނަކު ޝަބާގެ އަތް އޭނަގެ ގާތުގައި ހުރި ރީތި ޒުވާނެއްގެ އަތުގެ ތެރެއަށް ލާދޭތަނެވެ. އެކަކުއަނެކަކާ ވާހަކަނުދެއްކި ކަމުގައި ވިޔަސް ހިތާ ރޫޙަށް ލިބިގެން ދިޔައީ ދުލުން ބަޔާން ނުކުރެވޭނޭ ފަދަ ހިތްހަމަ ޖެހުމެކެވެ. ފުންމައިގެން ޝަބާ ތެދުވިއެވެ. ދެފަރާތަށް އެތަށް އިރަކު ބޯހޫރުވިއެވެ. ސިކުނޑިވަނީ ކޮންފަދަ ގަދަ ހިޔާލެއްގައި ބަނދެވިފަ ހެއްޔެވެ. ވިސްނަން ބޭނުންނުވިޔަސް، ހަނދާންކުރަން ބޭނުންނުވިޔަސް، ސިކުނޑީގައި ވަނީ އެހުވަފެނުގެ މަންޒަރުތައް ބިންވަޅުނެގިފައެވެ. ކުއްލިއަކަށް އެހުވަފެނުގެ މަތިން ހަނދާންވާންވީ ކީއްވެބާއޭ އަމިއްލަ ނަފްސާ ސުވާލުކުރިއެވެ. އެހުވަފެނުގައި ފޮރުވިފައިވަނީ ކޮންފަދަ ސިއްރެއްބާއޭ ޝަބާގެ ޒަމީރާ ސުވާލުކުރަމުންދިޔައެވެ. އަނެއްކާ ރާއިދު އެނބުރި އަންނަނީ ބާއެވެ. އޭނަ އާއި އަލުން ކައިވެނިކޮއްގެން ކުރީގަ އުޅުންފަދަ އުފާވެރި ދިރިއުޅުމެއް އުޅެން ރާއިދު ބޭނުންވަނީބާއެވެ. އެހެންވާނެނަމަ ކިހާ ރަނގަޅު ހެއްޔެވެ. ޝަބާގެ ހިތްދެންވެސް ފުރެމުންދިޔައީ ރާއިދުގެ އެކިއެކި ހިޔާލުތަކުންނެވެ.

ވަފިއްޔާ ޝަބާގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމާއިއެކު ކޮޓަރިތެރެއިން ޚަބަރެއް ނުވުމުން ބަދިގެއާއި ދިމާލަށް ހިނގައިގަތެވެ. ހުކުރު ދުވަހަކީ އާމުކޮށް ކާން ހުންނަ އެއްޗިއްސާ ތަފާތު ގިނަ ވައްތަރުތަކެއް ކާން ތައްޔާރުކުރާ ދުވަހެކެވެ. ގޭގައި ވަފިއްޔާއަށް އަތްގާތްކޮއްލަދޭނެ ދަރިއަކު ޝަބާ ނޫނީ ނުހުރެއެވެ. އެހެންވެ އާދައިގެ މަތިން ބަދިގެއަށް ވަނުމުގެ ކުރިން ޝަބާއަށް ގޮވީއެވެ.

“އާދެވިއްޖެ ދޯ… މިއަދު މާގިނައިރު ނިދަން އޮތީތަ” ވަފިއްޔާއަށް ބޮލުގައި ހުޅިއެއްޖަހަމުން އެތަނަށް ނުކުތް ޝަބާ ފެނުމާއިއެކު ބުނެލިއެވެ.

“މިއަދު ކޯއްޗެއްތަ ހަދަނީ” ޝަބާ ވަފިއްޔާގެ ސުވާލަށް ޖަވާބު ދިނުމެއްނެތި ބުނެލިއެވެ.

“ގެރިމަހުގެ ހިކިރިހަ ހަދަންވެގެން މިއުޅެނީ، ކޮންމެވެސް ކަހަލަ ސަޓަންޏެއް ހަދާބަލަ…މިހިރަ ކުކުޅު ފައިތަށްވެސް ތެތްލާތި، ބަތްތަވާ ފެންއޮއްސާލައްޗޭ” ވަފިއްޔާ ފައްޗަކަށް އަމުނާލިއެވެ. ޝަބާ “ހޫމް” އަކުން ބޯޖަހާލަމުން މަސައްކަތް ފެއްޓިއެވެ.

“ބާރަ ޖަހަންވާއިރަށް ހުރިހާ ކަމެއް ނިންމަންވާނެ، ކޮންކަހަލަ ހެދުމެއްތަ ޝަބާ ތިލަނީ… ތަންކޮޅެއް ރީތި ގަޔަށް ހުންނަ ހެދުމެއް ލާބަލަ، މިއަދު ސަމީރާމެންގެއަށް ދާއިރު އަހަރެން ބޭނުން ޝަބާ ވަރަށް ރީތިވެލައިގެން ހުންނަން، ތިމޫނުގަވެސް ކުލަކޮޅެއް ހާކާލައިގެން ދާންވާނީ، ޝިހާނާ ބޭރަށް ދާއިރު ހުންނަ ގޮތް ނުފެނޭތަ… އޭނައަތުގަ އެފާޑުގެ ލައްކަ ސާމާނު ހުންނާނެ، އަހަރެން ބުނެފާނަން މިއަދު ޝަބާ ބޭނުންކޮއްލަން ދޭށޭ…” ވަފިއްޔާ މަސައްކަތުގައި އުޅެމުން ޝަބާ އާއި ވާހަކަދެއްކިއެވެ. ޝަބާ ތުންފިއްތާލަ ފިއްތާލާ ހުރީއެވެ. ވަފިއްޔާގެ އެއްވެސް ޖުމްލައަކަށް ވިއްދާފައި އެއްޗެއް ބުނަން ބޭނުންނުވެފައެވެ. ވަފިއްޔާ ކިރިޔާވެސް ހިތްހަމަ ނުޖެހޭފަދަ އެއްޗެއް ބުނެވިއްޖެއްޔާ ބޮޑު ޒުވާބެއް ގޭތެރޭގައި ހިނގާނެކަން ޝަބާއަށް އެނގޭތީވެސް މެއެވެ.

*  *  *  *  *  *  *  *  *

“ލީލާ… އަތްމަތި ތަންކޮޅެއް އަވަސްކޮއްލާ، އެމީހުން އަންނަން ވާއިރަށް އޭރުން ނިމޭނީ، ކޮބާތަ މީކާ” އަވަސް އަރުވާލާފައި އުޅުނު ސަމީރާ އޭނަ އާއިއެކު ބަދިގޭގެ މަސައްކަތުގައި އުޅުނު ލީލާއަށް ބުންޏެވެ. ލީލާއަކީ އެގޭގައި މަސައްކަތްކުރަން އުޅޭ ރާއްޖެތެރޭ އަންހެންކުއްޖެކެވެ.

“ދައްތާ، ދާއޫދާ ދެމީހުންވެގެން ބޮޑުކޮޓަރި ސާފުކުރަން އުޅެފަ މިހާރުވީތަނެއް ނޭނގޭ، ވަންނަ ދޮރުކައިރީގައި އެލުވާފައި ހުރި މާގަސްތައްވެސް ހުރީ މާބޮޑަށް ގޮފިތައް ފައިބާގޮތްވެފަ، އެހެންވެ އަޅުގަނޑު ބުނިން ބައެއް ގޮފިތަށް ކަތުރުން ކޮށާލާފަ އެތަންވެސް ރީތިކޮއްލުމަށް” ލީލާ ބުންޏެވެ. ސަމީރާ ކުރަން ހުރި މަސައްކަތް ހުއްޓާލުމަށްފަހު ބޮޑުކޮޓަރި އާއި ދިމާލަށް ހިނގައިގަތެވެ.

“ޝަރުމީލާ… ކާކޮޓަރި އާއި ކާމޭޒުމަތި އެއްކޮށް ސާފުކޮއް ނިމުނީތަ” ބޮޑުކޮޓަރިއަށް ނުކުމެވުނު ވަގުތު ސޯފާގައި އިން ސަމީރާގެ ކޮއްކޮ ޝަރުމީލާ ފެނުމުން އަހާލިއެވެ.

“ސަމީރައްތާ، އެކަން ކޮއްފަ ނޫނީ މިހެން ދެން ނީންނާނެއެއްނު” ޝަރުމީލާ ހެވިލާފައި ބުނެލިއެވެ.

“އެކަން ނިމުނީމަ ބަދިގެ ފަރާތަށް އައިނަމަ، އަދިވެސް ކުރަން ހުރި ކަންތައް އެބަހުރިވިއްޔަ، އާދޭ ބަދިގެއަށް… މީކާ ދެކުނިންތަ” ސަމީރާ އޭނަ ބަދިގެން ނުކުތް އެންމެ ބޮޑު ބޭނުން އަހާލިއެވެ.

“އޭނަ ވީ ނާއިލްގެ ކޮޓަރީގަ ކަންނޭގެ، އެދިމާލަށް ދިޔަތަން ދެކުނިން” މިހެން ބުނެ ޝަރުމީލާ ސޯފާއިން ތެދުވިއެވެ. ސަމީރާ އަވަސް ފިޔަޅުގައި ހިނގައިގަތީ ނާއިލްގެ ކޮޓަރިއަށް ދިއުމަށެވެ.

“ދަރިފުޅު…” ނާއިލްގެ ކޮޓަރީގެ ދޮރު ކުއްލިއަކަށް ހުޅުވާލި ސަމީރާ އެނދުގައި އޮތް އޭނަގެ ދަރިފުޅަށް ގޮވާލިއެވެ.

“ކިހިނެއްވީތޯ މަންމާ” ކޮޓަރި ދޮރުމަތީގައި ހުރި ސަމީރާއަށް ބަލާލަމުން ނާއިލް އަހާލިއެވެ.

“ދަރިފުޅު ރީތިވެސް ނުވަންތަ؟ ކޮބާތަ މީކާ… ދަރިފުޅު މިއަދު ލާންވެގެން ބޭބެ އާއި ބައްޕަ އާއި ދެމީހުންވެގެން ވަރަށް ރީތި ގަމީހަކާ ފަޓުލޫނެއް ގަނެގެން ގެނެސްފަ އޮތީ، މަންމަ އެއެއްޗެހި ދޮވެ އިސްތިރިކޮއްފަ ހުންނާނީ، މީކާ ފެނިގެންނު ކަމެއް ވާނީ… ކޮބާތަ އޭނަ” ވަރަށް ހިނިއައިސްފައި ހުރެ ސަމީރާ ވާހަކަދެއްކިއެވެ.

“ދައްތާ، އަޅުގަނޑު ބާތްރޫމްގަ…” ކުއްލިއަކަށް ކޮޓަރީގެ ފާހާނާއިން ނުކުތް މީކާ ބުނެލިއެވެ.

“މީކާ، ހިނގާބަލަ އަހަންނާއިއެކު، ނާއިލް މިއަދު ލާނެ ހެދުން އިސްތިރިކޮއްފަ ހުންނާނެ، އޭތި ހިފައިގެން އައިސް އޭނަ ތައްޔާރުވުމަށް އެހީވެދީ، މީކާވެސް ރީތިކޮށް ފެންވަރައިގެން ރީތިހެދުމެއް ލައިގެން ހުންނާތި، މިއަދުމީ ނާއިލްއަށް ވަރަށް ޚާއްޞަ ދުވަހެއް” ސަމީރާ މީކާ ގޮވައިގެން އެކޮޓަރިން ނުކުތެވެ.

އެނދުގައި އުއްޑުން އޮށޯވެލައިގެން އޮތް ނާއިލް ފުންނޭވާއެއް ބޭރުކޮއްލުމާއިއެކު ދެލޯމަރާލިއެވެ. އޭނަގެ ހިތާ ސިކުނޑިގައިވާ އެއްވެސް އެއްޗެއް އެކަކަށްވެސް ނޭނގެއެވެ. އޭނަގެ ހަޔާތުގައި ކައިވެނީގެ ނަންލިޔެވިފައިވާ ކަމަށް އޭނަ ގަބޫލެއް ނުކުރެއެވެ. އޭނައަށް އެފަދަ އުފާވެރިކަމެއް ލިބުމަކީ ނާދިރުކަމެކެވެ. އޭނަދެކެ އެކަކުވެސް ލޯތްބެއް ނުވާނެއެވެ. މަޑުމަޑުން ދެލޯ ހުޅުވާލުމާއިއެކު އެނދުގެ އެއްފަރާތުގައި ހުރި ކުޑަދޮރުގައި އަޅުވާފައި ހުރި ވިންޑްޗައިމްއަށް ބަލާލިއެވެ. އޭތި ނާއިލްއަށް ހަނދާންކޮއްދެނީ އޭނަގެ ހަޔާތުގައި ދިމާވި އެންމެ ޚާއްޞަ އަންހެން ކުއްޖާގެ މަތިންނެވެ. އަދިވެސް އެހަނދާންތައް ހިތާސިކުނޑިއަށް ވެރިވުމާއިއެކު ހަށިގަނޑުގައިވާ ލޯލިތަށް ކޮޅަށްޖެހޭފަދަ އިޙްސާސްއެއް ކުރުވައެވެ.

“މަނާރް” ހުޅުވާފައިހުރި ކުޑަދޮރުން ޖެހިލި މަޑުމަޑު ވައިރޯޅިއާއިއެކު ވިންޑްޗައިމްގައި އެލުވާފައި ހުރި ވިލުނޫކުލަ އާއި ހުދުކުލައިގެ ސާފު ބިއްލޫރިކޮޅުތައް އެކަތިއަނެކެއްޗާ ދޯޅުވެލުމާއިއެކު މަޑުމަޑު ހިތްގައިމު އަޑެއްއިވިގެންދިޔައެވެ. އެވަގުތު ނާއިލްގެ ދުލުން އެއަންހެން ކުއްޖާގެ ނަން ބޭރުވީ އިޙްތިޔާރަކާއި ނުލައެވެ. ނަމަވެސް އެމޫނުމަތީގައި އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ޝޫއޫރެއް ފާޅެއްނުވެއެވެ. ގޮތްހުސްވެފައިވާ މީހަކުފަދައިން އޭނަގެ ނަޒަރު އެދިމާލަށް ހުއްޓާލައިގެން އޮތީ ހިތުގައިވާ ޝަކުވާތަށް އޮއްބާލައިގެންނެވެ. މައިންބަފައިންގެ އެދުމަށް ފުރަގަސްދޭ ދަރިއަކު ކަމުގައި އޭނަ ވާން ބޭނުންނުވާހާލުގައެވެ. ޚާއްޞަކޮށް އޭނަގެ މަންމަ ސަމީރާ އޭނަދެކެ ވާލޯބީގެ ހައްޤުގައެވެ. އެއްމާބަނޑު ދެފިރިހެންދަރިންގެ ތެރެއިން ދޮށީ ކުއްޖަކީ ނާއިލް ކަމުގައި ވިޔަސް އޭނަގެ ނަސީބުގައި ކައިވެންޏެއް ކުރުމުގެ ނަސީބު މިނޫނީ އަދި ނުލިބެއެވެ. އެނަސީބާ އެމަގު އޭނައަށް ފަހިކޮއްދިން ބަޔަކީވެސް އޭނަގެ މައިންބަފައިންނެވެ. ޚާއްޞަކޮށް އޭނަގެ މަންމައެވެ. އެކަމަކު ކައިވެންޏަކާ ކުރިމަތިލާހާ ހިތްވަރު އޭނަގެ ނެތެވެ.

ވަފިއްޔާ ކުދިކިޔަމުން ޝަބާ ގޮވައިގެން ގޭން ނުކުތީ ސަމީރާމެންގެއަށް ދިއުމަށެވެ. އޭނަ ހިތްހަމަ ނުޖެހިފައިވަނީ ޝަބާގެ ހެދުންއެޅުމުގައި ގެންގުޅޭ ވައްޓަފާޅިންނެވެ.

“ބޮޑެތި މުސްކުޅިން އުޅޭހެން ޝަބާ ތިއުޅެނީ، ހީވަނީ ފޮތިފޭއްޔެއްގެ ތެރެއަށް އެރި ހުރިހެންވިއްޔަ، ތަންކޮޅެއް ގަޔަށް ހުންނަ ހެދުމެއް ލާށޭ ބުނީމަވެސް” ވަފިއްޔާ ވާހަކަ ދައްކަ ދައްކާ ހުއްޓަ ޝަބާ ގޮސް ޓެކްސީގެ ފަހަތު ދޮރު ހުޅުވާލުމަށްފަހު ޓެކްސީއަށް އެރީ ފަރުވާކުޑަކަހަލަ ގޮތަކަށެވެ. އެމޫނުމަތީގައި އާއި ހަރަކާތްތަކުގައިވެސްވަނީ މަޖުބޫރުކަމާއި މާޔޫސީކަމެވެ. ކޮނޑުގައި އަޅުވާލާފައި އޮތް ދިގު އަތްދަބަސް ގެނެސް އުނގުގައި ބާއްވާލަމުން ޝަބާ ސީޓުގައި ހަމަޖެހިލިއެވެ. އޭރު އޭނަ އާއި ޖެހިގެން ވަފިއްޔާވެސް އަރާ އިށީނދެއްޖެއެވެ.

ކުރު ދަތުރަކަށްފަހު ޓެކްސީ އައިސް ސަމީރާމެންގޭ ދޮރޯށި ދޮށުގައި މަޑުކޮއްލައިފިއެވެ. ޝަބާ ޓެކްސީގެ ޑްރައިވަރަށް ވިހިރުފިޔާ ދިއްކޮށްލުމާއިއެކު ދޮރުފަތުގެ ބިއްލޫރިގަނޑުން ފެންނަން ހުރި ގެއަށް ބަލާލިއެވެ. އަދި ޓެކްސީއިން ފައިބައި މަޑުމަޑު ދަނބުކުލައިގެ ދޮރޯށީގެ ކައިރިއަށް ޖެހިލީ އެއީ ސަމީރާމެންގެކަން ވަކި އެނގިގެނެއް ނޫނެވެ. މަގުގެ ހަނިކަމާއިއެކު ޓެކްސީ ދިއުމަށް އަވަހަށް ތަންދެއްކުމުގެ ގޮތުންނެވެ. ނަމަވެސް ވަފިއްޔާ ކާރުން ފޭބިގޮތަށް އިސްއުފާލާ ބަލާލީ އެގެއާއި ދިމާލަށެވެ. ޝަބާވެސް އެނބުރި އެގޭގެ ދޮރާދިމާލަށް ބަލާލިއެވެ. “ޕާލްވިއު” ދޮރޯށީގެ އެއްފަރާތު ފާރުގައި ހަރުކޮއްފައި ހުރި ބޯޑުގައި ލިޔެފައިވާ ގޭގެ ނަން ޝަބާ ކިޔާލިއެވެ.

“ނުހުރެ ތިތަނުން ފިތަކަށް ފިއްތާލަބަލަ، އޭރުން އެތެރެއިން މީހަކު ދޮރުހުޅުވާނެ” މަގުގެ އަނެއްފަރާތުގައި ހުރި ވަފިއްޔާ ޝަބާގެ ގާތަށް ހިނގައިގަންނަމުން ބުންޏެވެ. އެންމެ މިޒަމާނުގެ ފެންވަރަށް ހަދާފައި ހުރި ގެއެއްކަން އެގޭގެ ބޭރުންވެސް ޝަބާއަށް ފާހަގަކުރެވުނެވެ. ކޮންމެވެސް ވަރެއްގެ ހާސްކަމާއިއެކު ޝަބާ ނަންބޯޑުގެ ތިރިއަށް ހުރި ސްވިޗަކަށް ފިއްތާލައިފިއެވެ. ފަޅިސިކުންތެއް ހާއިރު ތެރޭގައި މީހަކު ދޮރު ހުޅުވާލިއެވެ.

” ވަފިއްޔާ… ދައްތަ އާއި ބޭބޭ އެބަތިއްބެވި ވަފިއްޔާގެ އިންތިޒާރުގައި، އަވަހަށް ދުރުވޭ އެތެރެއަށް” ދޮރުހުޅުވާލި ލީލާ އަދަބުވެރިކަމާއިއެކު ބުނެލިއެވެ. މިއަޑުއިވުނު ވަފިއްޔާގެ ތުންފަތަށް ކުރިއަށްވުރެވެސް ބޮޑު ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. އޭނަގެ ފަހަތުން ހުރެ ޝަބާ ލަސް ފިޔަވަޅުތަކެއް އަޅަމުން މަޑުމަޑުން ކުރިއަށް ދިޔައެވެ. ކަނާތްފަރާތުގައި އޮތް ހުވަނދުމާ ގަހުގެ ވަހާއިއެކު ޝަބާއަށް އެދިމާލަށް ބަލާލެވުނީ އިޙްތިޔާރަކާއި ނުލައެވެ. އެއާއިއެކުހެން ވަށައިގެންވި ގޭގެ މާހައުލަށް ބަލާލެވުނެވެ. މުށިގަނޑުތަކުގައި އެލުވާފައި ހުރި ކުލަކުލައިގެ މާގަސްތަކާއި ގޭގެ ބޮޑެތި ކުޑަދޮރުތަށް ޝަބާގެ ލޮލުގައި އަޅައިގަތެވެ. ޒަމާނީފެންވަރަށް ބުރިބުރިއަށް ގެނަގާފައިވާއިރުވެސް ކޮންމެވެސް މީހަކު ފެހިމާހައުލަކަށް ލޯބިކުރާކަން ޝަބާއަށް ފެނުނު މަންޒަރުން އޭނައަށް އެނގިގެންދިޔައެވެ. ހުވަފެނީ ގޮތަކަށް ދެފަރާތަށް ނަޒަރު ހިންގަމުން ދިޔަ ޝަބާގެ އަތުގައި ވަފިއްޔާ ހިފާ ކުއްލިއެއްޖެހުމާއިއެކު އޭނަ ދިޔައީ ސިއްސައިގެންނެވެ.

“ތި ހިނިތުންވެލައިގެން ހުރެބަލަ، އަހަރެން ލަދުގަންނަވަރުގެ ކަމެއް ނުކުރާތި” ވަފިއްޔާ އިންޒާރެއް ދޭފަދަ ގޮތަކަށް ބުނެލިއެވެ.

ލީލާ ވަފިއްޔާމެންނަށް ބޮޑުކޮޓަރިތެރެއަށް ވަނުމަށް ތަންދައްކަފާއި އެމީހުން ވަނުމުން ގޭތެރެއަށް ވަދެގެން ހިނގައްޖެއެވެ. ވަފިއްޔާ އާއި ބައްދަލުކުރުމަށް ސަމީރާ އަވަސްވެގަތެވެ. ބޮޑުކޮޓަރީގެ ސޯފާގައި ސަމީރާގެ އާއިލާގެ ހުރިހާ މެންބަރުންހެން ތިއްބެވެ. ނަމަވެސް އިސްޖަހާލި ޝަބާއަށް އިސްއުފުލާލަންވެސް ނުކެރިފައި ވަފިއްޔާގެ ގާތުގައި ހުއްޓެވެ.

“ދެން ކޮޅަށްތަ ތިބެނީ، ހިނގާ ކާކޮޓަރިއަށް، ކައިގެން އިތުރު ކަންތައްތަކައިގެން އުޅޭނީ… ޝަބާ، ކިހިނެއްތަ؟ ހާދަ ދުވަހެއްފަހުންނޭ ދޯ މިދިމާވީ” ސަމީރާ ވަފިއްޔާ އާއި ސަލާމް ކޮއްލުމާއިއެކު ޝަބާ ކައިރިކޮއްލަމުން ބުރަކަށީގައި ފިރުމާލިއެވެ. ސަމީރާގެ އަޑުގައިވަނީ ހިތްހެޔޮކަމެވެ.

ނާއިލްގެ ނަޒަރު ހުއްޓިފައި ހުރީ އެގެއަށްވަދެގެން އައި ދެމެހެމާނުންނާއި ދިމާލަށެވެ. ކާކޮޓަރިއަށް ދިޔައިރުވެސް ނާއިލްއަށް ބެލެނީ ޝަބާ އާއި ދިމާލަށެވެ. އޭނަގެ ހަޔާތުގެ ބައިވެރިއަކަށް ހެދުމަށް އޭނަގެ މަންމަ ހިޔާރު ކުރީ އެއަންހެން ކުއްޖާ ބާއޭ އެތަށްފަހަރަކު ނާއިލް އޭނަގެ ހިތާ ސުވާލުކުރިއެވެ. ލާފައިހުރި ގަދަ ޗޮކުލެޓު ކުލައިގެ ގަޔަށް ދޫ ބޮޑު ހެދުމާއި ފުރަގަހުގެ ބޮޑު ބަޔަކާއި މޭމަތި ނިވާކޮއްފައިވާ ބޮޑު ޝޯލްގެ ސަބަބުން ނާއިލްއަށް ޝަބާގެ އެއްވެސް ސިފައެއް ކަމަކު ނުދިޔައެވެ. އެމޫނަށް ބަލާލަންވެސް ބޭނުންނުވީއެވެ.

“ސަޅި ބިޓެއްނު…” ނާއިލްގެ ކޮއްކޮ ނަވާލް އޭނަގެ ކަންފަތްދޮށުގައި ސިއްރުން މިހެން ބުނެލުމާއިއެކު ނުބައިމާނައެއް ދޭހަވާފަދަ ގޮތަކަށް ހީނލިއެވެ. ނަވާލް އެހެން އެބުނީ ކީއްވެކަން ނާއިލްއަށް އެނގުމުން ދެލޯ އަޅާލިއެވެ. ނަވާލް އޭނަގެ އަންހެނުން މޯނާގެ އަތުގައި ހިފާލުމާއިއެކު އޭނަވެސް ލޮލުގެ އިޝާރާތުން ނަވާލަށް ދައްކާލީ އެމީހުންގެ ކުރިމަތިން ހިނގާފައިދާ ޝަބާއެވެ. ދެމީހުން އެކަކުއަނެކަކަށް ހީނލީ މަލާމާތުގެ ފާޑަށެވެ.

ކާކޮޓަރިއަށް ވަދެވުނު އިރު އެތަނެކޭ ޝާހީ ހާންދާންނެއްގެ ފަރިކުޅުއްވާ ކޮޓަރިކޮޅެކޭ އެއްވަރެވެ. ދިހަމީހުން އިށީނދެވޭ ގޮތަށް ހަދާފައިވާ ބިސްބުރުގެ ބިއްލޫރި މޭޒެކެވެ. މޭޒުގެ ފައިތަށް ހީވަނީ ރަނުން އަތްކަން ކޮއްފައިވާހެނެވެ. އެތަނުގައި ހުރި ހުރިހާ އެއްޗެއްވެސް ވަނީ ރަންކުލައާއި ގުޅުވާލެވިއެވެ. ފެންނަން ހުރި ބޮޑު ދެކުޑަދޮރުގައިވެސް ދެތިން ފަރުދާއަޅުވާފައި ހުއްޓެވެ. ބޭރަށް ހުރި ފަރުދާވަނީ ދެފަރާތަށް ކަހާލުމާއިއެކު އައްސާލެވިފައެވެ. ކާމޭޒުގައި އެމީހަކު އިށީނުމަށް ހަމަޖެހިފައިވާ ތަނުގައި ކޮންމެ މީހަކުވެސް އިށިންނަމުންދިޔައެވެ. ސަމީރާގެ ފިރިމީހާ އަސްލަމް އިންނެވީ މޭޒުގެ ކޮޅުގައެވެ. އޭނަގެ ކަނާތްފަރާތަށް ސަމީރާ އިންއިރު އޭނަގެ ކުރިމަތީގައި އިނީ ވަފިއްޔާއެވެ. މެހެމާނުންނަށް ޚާއްޞަ ގަދަރެއްދެވިފައިވާ ފަދައެވެ. ނަމަވެސް ޝަބާއަށް ކާމޭޒުގެ ކައިރިން ވަރަށް އާދަޔާއި ހިލާފު ކަމެއް ފާހަގަ ކުރެވިގެންދިޔައެވެ. ދިހަމީހުން އިށީނދެވޭ އެމޭޒުގެ ކައިރީ ދިހަގޮނޑީގެ ބަދަލުގައި ހުރީ އެންމެ ނުވަގޮނޑިއެވެ. އެވެސް ޝަބާ އިށީނުމަށް ސަމީރާ ދެއްކި ގޮނޑިއާއި ޖެހިގެން އިތުރުގޮނޑިއެއް ހުރުމުގެ ބަދަލުގައި އެޖާގަވަނީ ހުސްކޮށެވެ. މިވަނީ ކިހިނެއްކަން ނޭނގިގެން އުޅެނިކޮށް ދެންފެނުނީ ފުރޮޅުލީ ގޮނޑިއެއްގައި އިން މީހަކު އެތަނަށް ކައިރިވެލިތަނެވެ. އެމީހަކު އިނީ ފުރޮޅުލީ ގޮނޑިއެއްގައި ކަން ޝަބާއަށް އެނގުމާއިއެކު އެދިމާލަށް ބަލާލާކަށްވެސް ނުކެރުނެވެ. މޭޒުމައްޗަށް ޝަބާ ނަޒަރު ހިންގާލީ ވަރަށްވެސް ސިއްރުވެރިގޮތަކަށެވެ. ސަމީރާ އާއި ޖެހިގެން ޝަބާގެ ކުރިމައްޗަށްވާގޮތަށް އިން އަންހެނަކު އެސްފިޔަޖަހާލުމެއްނެތި ޝަބާއަށް ބަލަމުންދާކަށް އޭނައަށް ފާހަގަކުރެވުނުތާ އިރުކޮޅެއްވެއްޖެއެވެ. ނަމަވެސް ޝަބާގެ ލަދުވެތިކަމާއި ބީރައްޓެހިކަން އޭނަގެ އިސްއުފުލާލުމަށް ހުރަހެއްކަމުގައި ވެގެންދިޔައެވެ. ކުރިމަތީ ބަންޑުން ބާއްވާލާފައި އޮތް ތަށި ޝަބާ އުއްޑުން ކޮއްލީ ވަފިއްޔާވެސް އެހެން ހަދާލުމުންނެވެ. ކާމޭޒުމަތި ތައްޔާރުކޮއްލާފައިވަނީ ރެސްޓޯރެންޓުތަކުގައި ހުންނަ ފެންވަރަށެވެ. ހުދުކުލައިގެ ބަތްކާތަށީގަ އާއި ފެންބުއިމަށާއި ޖޫސް އެޅުމަށް ހުރި ތަށިތަކުގައިވެސް ރަންކުލައިގެ ފަށެއްދަމާފައިވެއެވެ. އެބޮޑު މޭޒުގައި ކާއެއްޗެހި އަތުރާފައިވަނީ ދެބަޔަކަށް ބަހާލައިފައެވެ. ކޮންމެ ވައްތަރަކުން ދެތަށި މޭޒުމަތިން ފެންނަމުންދިޔައެވެ. އެއީ އެމޭޒުގެ ދޮށުގައި ތިބި ކޮންމެ މީހެއްގެވެސް އަތްފޯރާ ހިސާބުގައި ކާއެއްޗެއް ބެހެއްޓުމަށްޓަކައިކަން ޝަބާއަށް ވިސްނައިގަނުވެއެވެ. އެންމެން ކާއެއްޗެހި އަޅައި ކާން ފެށުމާއިއެކު ޝަބާވެސް މަޑުމަޑުން އިނދެ ވަފިއްޔާ ހަދާކޮންމެ ގޮތެއް ނަކަލުކުރަމުން ދިޔައެވެ. އޭނަގެ ފަރާތުން ވަފިއްޔާ ލަދުގަންނާނޭ ފަދަ އެއްވެސް ކަމެއްވާން ޝަބާ ބޭނުންނުވާތީއެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *