SHANAYA

މަޑު ހިނގުމުގައި އައިސް މަޑުކޮށްލި ޝާހީން އޭނާގެ ކުރިމައްޗަށް މަގުގެ އަނެއްފަރާތުން ފެންނަން ހުރި ބޭކަރީއަށް ބަލާލިއެވެ. ކެފޭއަކާއިއެކު ތަފާތު ވައްތަރުތައް ލިބެން ހުންނަ “ޑިލީޝަސް”އަކީ ގިނަ ޒުވާނުން ކޮފީ ބޯލާ ރައްޓެހިންނާއެކު ވަގުތު ހޭދަކޮށްލާ މަޝްހޫރު ތަނެކެވެ. ނަމަވެސް ޝާހީން އެތަނަށް އަންނަނީ އެކަނިމާ އެކަންޏެވެ. މަޑުމައިތިރި މިޒާޖެއްގެ ޝާހީން ކޮންމެ ދުވަހެއްގެ ހެނދުނު ދިހަގަޑި ބައިކަން ހާއިރު އަންނަ ގޮތައް އެ ކެފޭގައި ފޫހިކަމެއްނެތި މެންދުރުފަސް ވަންދެން އިނދެއެވެ. މިއަދު ވެސް އޭނާ އެ އައީ އެ ކެފޭގައި ވަގުތު ހޭދަކޮށްލުމަށެވެ. މޫސުމަށް ބެލުމެއްނެތިއެވެ. ރޭގައި ވެހެންފެށި ވާރޭ ހުއްޓާލާނެ އިރެއް ނޭނގެއެވެ. މިހާރު ވެސް ތުނިތުނިކޮށް ވެހެމުން ދެއެވެ. ލައިގެން ހުރި ކޯޓުގެ ބޮލުގައި އޮތްބައި ފަހަތަށް ދޫކޮށްލުމާއެކު ޝާހީން ކެފޭގެ ތެރެއަށް ވަނެވެ.

“އޭތް ޝަނާ! ކަލޭގެ ޚާއްޞާ ކަސްޓަމަރު އަތުވެއްޖެ” ކައުންޓަރު ދޮށުގައި ހުރި އިން މުނީފާ ނިކަން އަވަހަށް އައިސް ބިއްދޮށުގައި ހުރި ދޮރު ހުޅުވާލަމުން ބުނެލިއެވެ. އޭރު ޝަނާޔާ ދޮވެފައި ހުރި ކޮފީޖޯޑުތައް އަތުރަނީއެވެ. މުނީފާގެ ވާހަކަ އިވުމާއެކު އަތުކުރީ އޮތް ގަޑިއަށް ޝަނާޔާ ބަލާލިއެވެ.

“އަޅެ އޭނައަށް ވިއްސާރައެއް ވެސް ނޫންތަ؟ ހަމަ ކޮންމެ ދުވަހަކު އެއްގަޑިއަކަށް އެބަ އާދެޔޭ…” ޝަނާޔާ ހައިރާންކަމާއެކު ބުނެލިއެވެ. އަދި ކުޑަ ކޮރެއް ޖަހަމުން ކުރިއަށް ހިނގައިގަތެވެ.

“އެކަހަލަ ކަސްޓަމަރުން ތިބޭކަން ކިހާ ރަނގަޅު… ޝަނާގެ އަތުން ހަދާ އެއްޗެހި ހަމަ މީރީކަމަށްވާނީ” ހިނިއައިސްފައި ހުރެ މުނީފާ ބުނެލިއެވެ.

“މުނީއަށް އެނގޭތަ؟ މިއަދު މީ އޭނާ މިތަނަށް އަންނަތާ އެއްއަހަރުވީ ދުވަސް”

“އެހެންވީމަ ޝަނާ ވެސް ބަލަން ދޯ އޭނާ އާދޭ ތޯ… އަހަރެން މިތަނަށް ވަންފަހުން ހަމަސްވީ، މިތަން ހުޅުވާފަ ހުންނަ ދުވަހެއްވިއްޔާ އޭނާ ނާންނަ ދުވަހެއްނުދޭ، ބަލާބަލަ… އަބަދު އިށީންނާނީ ކަނުގައި ހުންނަ މޭޒު ދޮށުގައި، ކޮންނަމެއްތަ އޭނާއަށް ކިޔަނީ” މުނީފާއާއި ޝަނާޔާއާ ދެ މީހުން ކައުންޓަރު ދޮށުގައި ތިބެގެން ވާހަކަދެއްކިއެވެ.

“ނޭނގެ ކިޔާނަމެއް، ދުވަހަކު ވެސް ވާހަކައެއް ނުދައްކާނެ، އޯޑަރު ދީފައި ތެންކިޔު ބުނެލުން ފިޔަވާ…”

“ޝަނާ ވެއްޖެއެއްނު އޭނައާ ވާހަކަދައްކަން، އަނެއްކާ ހުތުރު ވެސް މީހެއްނޫނެއްނު… ކޯޓު ބާލާފައި ޖެހިގެން ހުރި ގޮނޑީގައި އަޅުވާލި ގޮތް ފެނުނުތަ؟ ވަރަށް ސްޓައިލްގަ…” މުނީފާ މިހެން ބުނެ ލާނެތް ގޮތަކަށް ހީނލިއެވެ. ޝަނާޔާ ދެފަރާތަށް ބޯހޫރާލާފައި މެނޫއާއި ތަބަކަކަށް ބިއްލޫރިތަށްޓަކައި ފެންފުޅިއެއް ލައިގެން ހިނގައިގަތެވެ.

ވިއްސާރަކަމުން މިއަދު ކެފޭގައި ޝާހީން ފިޔަވައި އެއްވެސް މީހަކު ނެތެވެ. ފާރާވީ ފަރާތުގައި ހުރި ގޮނޑީގައި ޝާހީން އިށީނދެ ކައުންޓަރާ ދިމާއަށް ބަލާލިއެވެ. އޭރު އޭނާއާ ދިމާއަށް ޝަނާޔާ ހިނގާފައި އަންނަނީއެވެ. ވަރަށް ނޫން ގޮތަކަށް ނަމަވެސް އޭނާގެ ނަޒަރު ޝަނާޔާގެ ފަޔަށް ހުއްޓުނެވެ. އެހިނދު އުދާސްވެގެން ދިޔަ މޫނު ފޮރުވާލުމަށްޓަކައި ޝާހީން އިސްޖަހާލިއެވެ.

“ގުޑްމޯނިންގ” މޭޒުގެ ކައިރީ އައިސް ހުއްޓިލުމާއެކު ޝަނާޔާ ބުނެލިއެވެ. އަދި ތަބަކުގައި ހުރި އެއްޗެހި ނަގާ މޭޒުމަތީ ބަހައްޓަން ފެށިއެވެ.

“ޔޫޝުވަލް ގެނައީމަ ރަނގަޅުވާނެ” މެނޫ ބޭއްވުމާއެކު އެ ޒުވާނާ ބުނެލިއެވެ. ހިނިތުންވުމެއް ބަދަލުކޮށްލާފައި ހިނގައިގަތް ވަގުތު އަނެއްކާ ވެސް ޝަނާޔާއަށް ޝާހީން ގޮވާލިއެވެ.

“ފިނި ނޫން ފެންފުޅިއެއް ލިބިދާނެތަ؟” އެ އަޑުގައި ހުރި ފިރިހެންވަންތަކަން ޝަނާޔާގެ ހިއްސުތައް ދެނެގަތްއިރު ދެ ޒުވާނުންގެ ހަތަރުކަޅި ބައްދަލުވެފައި ހުއްޓެވެ. އަވަސްއަވަހަށް ހިނިތުންވެލަމުން ޝަނާޔާ ބޯޖަހާލާފައި ހިނގައިގަތެވެ.

ފޯނާ ކުޅެން ޝާހީން އިން އިރު ކައުންޓަރުގެ އެއްފަރާތުގައި ހުރި ކޮފީ މެޝިނު ކައިރީ ޝަނާޔާ އުޅޭ ގޮތް ސިއްރުން ބަލަމުން ދިޔައެވެ. އެއީ އޭނާގެ އާދައެވެ. އެ ކެފޭއަށް އޭނާ އައުމުގެ ހަމައެކަނި ބޭނުމަކީ އެއީއެވެ. ޝަނާޔާއަށް އޭނާ ޝައުގުވެރިވާވުމެވެ. ނަމަވެސް އިސްނަގާ ޝަނާޔާއާ ވާހަކަދެއްކުމުގެ ހިތްވަރެއް އޭނާގެ ނެތެވެ. އިސްޖަހާލަމުން އަތުގައި އޮތް ފޯނަށް ނަޒަރު ހުއްޓާލިއެވެ.

ގިނައިރެއްނުވެ އާދައިގެ މަތިން ޝާހީން އޯޑާރ ކުރާ ލަވާޒާ ކަޅުކޮފީތައްޓާއި ސްވީޓްކްރޮސެންޓް ގެނެސް މޭޒުމަތީގައި ޝަނާޔާ ބެހެއްޓިއެވެ. އަދި އޭގެ އިތުރުން ޝަނާޔާ ބެހެއްޓި ތަށި ފެނުމުން ޝާހީންއަށް ހައިރާންކަން ލިބިގެންދިޔައެވެ. އެހެންވެ ޝަނާޔާއަށް ބަލަން އިނދެވުނީ ސުވާލު އުފެދިފައި އިން ހެނެވެ.

“ކެނޑިނޭޅި މިތަނަށް އަންނަތާ އެއްއަހަރުވީމަ މިތަނުގެ ފަރާތުން ދޭ ހަދިޔާއެއް، ވަރަށް މީރުވާނެ… މީ އައިސްކްރީމް ބްރައުނީ… އަހަރެންގެ ތަނެއްމީ… މިއަދު ލެޕްޓޮޕް ނުގެންނަންތަ؟ ވިއްސާރަވީމަ ދޯ” ޝަނާޔާ ވާހަކަދައްކަން ފެށުމުން ޝާހީނަށް ބަލަހައްޓައިގެން އިނދެވުން ފިޔަވައި އިތުރު ކަމެއް ނުކުރެވުނެވެ. އެހެންނަމަވެސް އޭނާއަށް ހިތްވަރެއް ލިބިގެން ދިޔައީ ޝަނާޔާ އޭނާގެ ނަން ބުނެލުމާއެކު ޝާހީންގެ ނަން އަހާލުމުންނެވެ. ޔަޤީނުން ވެސް ޝާހީން އެތަނަށް އަންނަތާ އެހާ ދުވަސް ވެއްޖެކަން ޝަނާޔާއަށް ފާހަގަވެފައި އޮތުމުން އޭނާ އުފާ ވެސް ވިއެވެ. ހަމައެއާއެކު ހިތް ނުތަވަސްވާގޮތް ވިއެވެ.

ޝާހީންއާ އިސްވެ ޝަނާޔާ ވާހަކަދެއްކުން ވެގެން ދިޔައީ އެ ދެމެދުގައި އޮތް ބީރައްޓެހިކަން ކެނޑުމުގެ ފެށުމަށެވެ. އެ ދުވަހަށްފަހު ޝަނާޔާއަށް ޝާހީންއާއެކު ކޮފީގައި ބައިވެރިވުމަށް ދަޢުވަތު ޝާހީން ދިނެވެ. ކިތަންމެ ގިނަ ބަޔަކު ކެފޭގައި ތިބިކަމުގައި ވިޔަސް ޝާހީންއަށްޓަކައި އޭނާ އާންމުކޮށް އިންނަ މޭޒު ޝަނާޔާ ރިޒާވްކޮށްފައި ބަހައްޓަންފެށިއެވެ. އަދި ޝާހީން އަންނާނެ އިރަކަށް ޝަނާޔާ އިންތިޒާރު ކުރެއެވެ. ތަފާތު އިހުސާސްތަކެއް ހިތުގައި ހޭލަން ފަށައިފިކަމުގައި ޝަނާޔާއަށް އެނގޭއިރު އެކަމަށް އޭނާއަށް ވިސްނެން ފެށުނެވެ. ޝާހީންއަކީ ރަނގަޅު ޒުވާނެއްކަން އޭނާގެ ވާހަކަތަކުން ޝަނާޔާއަށް އެނގެމުންދިޔައެވެ. ހަޔާތަށް ބައިވެރިއަކު ނުގެނެސް ހުރި ޝަނާޔާއަށް ދިރިއުޅުމާމެދު ވިސްނެން ފެށުނެވެ. ހަޔާތުން ލޯބި އުނިވެފައިވާކަމުގެ އިހުސާސް ކުރެވެން ފެށުނެވެ. އެއާއެކު ޝާހީންއަށް އޭނާގެ ހިތް ލެބެންފެށިއެވެ. އެގޮތުން އެއްދުވަހަކު ކެފޭގައި އިނދެފައި ޝަނާޔާ އިސްވެ ދިރިއުޅުމާ ބެހޭ ގޮތުން ވާހަކަދައްކަން ފެށިއެވެ.

“ޝާހީންގެ އަމިއްލަ ލައިފާ ބެހޭ ގޮތުން ދުވަހަކު ވެސް ވާހަކައެއް ނުދައްކާ… އެއީ ކީއްވެ؟ އަނެއްކާ ތީ މީހެއްގެ ފިރިއެއްތަ؟ ނޫނީ ބިޓެއް ހުންނަނީތަ؟” ޝަނާޔާގެ ބާރަށް ތެޅެމުންދިޔަ ހިތް ފުންނޭވާއަކުން ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ. އޭނާގެ ވާހަކަތައް އިވިފައި ޝާހީން ލުއި ގޮތަށް ހީނލިއެވެ.

“އަހަރެންގެ ތިކަހަލަ އެއްވެސް ކަމެއްނެތް… ތެދަށް ބުނަންޏާ އަހަރެން ލައިކް ވެގެން ނުވާނެ ކުއްޖަކު ދެކެ ލައިކްވެއްޖެހެން ހީވަނީ” ޝާހީންގެ ނަޒަރު ޝަނާޔާއާ ހަމަކޮށްލީ މާނަފުން ގޮތަކަށެވެ.

އެ ދުވަހު ޝާހީން އެނބުރި ދިޔައީ އޭނާއަށްޓަކައި ޝަނަޔާގެ ހިތުގައި ތަފާތު އިހުސާސްތަކެއް އުފެދިއްޖެކަމުގައި ހީވެ ހުރެއެވެ. ނަމަވެސް އޭނާ ކަންބޮޑުވެއެވެ. އަމިއްލަ ހިތަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. ޝަނަޔާގެ މިޒާޖާ އޭނާގެ ހުންނަ ޚާއްޞަ ސިފައަކީ ގަސްދަކާ ނުލާ ޝާހީންއަށް ބަލައިގަނެވުނު ސިފަތަކެކެވެ. ނަމަވެސް އޭނާ ފޮރުވާ ހަޤީޤަތް ޝަނާޔާއަށް އެނގިއްޖެނަމަ ދެންވާނޭ ގޮތެއް ނޭނގޭތީ އެކަމާ ޝާހީން ބިރުގަންނަނީއެވެ. މިހާރު އޮތް އެކުވެރިކަން ވެސް އޭރުން ގެއްލިދާނެއެވެ. އެހެންނަމަވެސް ޝަނާޔާއަށް އެއްވެސް ކަމެއް ސިއްރުކުރާކަށް ޝާހީންގެ ޟަމީރު ނޭދެއެވެ. މީގެ ދެއަހަރު ކުރިން އޭނާގެ އަތުން ވަނީ ވަރަށް ބޮޑު ކުށެއް ކުރެވިފައެވެ. ޚިޔާލަކަށް ގެއްލިފައި އޮތް ޝާހީނަށް ހޭވެރިކަންވި ޝަނާޔާގެ މެސެޖެއް ލިބުމުންނެވެ. ޝަނާޔާއަށް ވަރަށް ބޮޑަށް ޝާހީން ކަމުދާކަމާއި އޭނާގެ އިހުސާސްތަކަށް ހަދަންވީ ކިހިނެއްތޯ ޝާހީނާ ސުވާލުކޮށް ފޮނުވާފައި އޮތް މެސެޖު ޝާހީން ދެތިން ފަހަރަށް ކިޔާލިއެވެ. ނަމަވެސް ޖަވާބެއް އޭނާ ނުދެއެވެ.

ޝަނާޔާ ފޮނުވި މެސެޖާއެކު ފުރަތަމަ ފަހަރަށް ޝާހީން ކެފޭއަށް ނައެވެ. އެކަމާ ޝަނާޔާ ކަންބޮޑުވިއެވެ. މުނީފާ އެކަމާ ސުވާލުކުރުމުން ޝަނާޔާއަށް ނޭނގޭކަމަށް އޭނާ ހެދިއެވެ. ނަމަވެސް އޭނާ ފޮނުވި މެސެޖުގެ ސަބަބުން ޝާހީނަށް އައި ބަދަލެއްކަން ޝަނާޔާ ރަނގަޅަށް ދެނެހުއްޓެވެ.

އެއްދުވަސްފަހުން އަނެއްކާ ވެސް ޝާހީން ކެފޭއަށް އައެވެ. ޝަނާޔާއާ ބައްދަލުކުރަން ޝާހީން އެދުމުން މޭޒުގެ ދޮށުގައި ޝަނާޔާ އިށީނެވެ. އެއާއެކު ޝާހީން ފެށީ މީގެ ދެއަހަރު ކުރީގެ ވާހަކައެކެވެ.

“ޝަނާޔާގެ ފަޔަށް ކިހިނެއްވީ؟” ޝާހީން ސުވާލުކުރިއެވެ.

“އެހެންވެތަ ޝާހީނަށް އަހަރެން ކަމުނުދިޔައީ، އަހަރެން ކޮރުޖަހަމުން ހިނގާތީތަ؟”

“އަހަންނަށް އެނގޭ ޝަނާޔާގެ ފަޔަށް ތިހެންވީ އެކްސިޑެންޓެއްގެ ސަބަބުންކަން. ތިހެންވާން މެދުވެރިވި މީހަކީ ކާކުކަން ޝަނާޔާ އެނގެން ބޭނުންތަ؟”

“އެ މީހާއަކީ ކާކުކަން އެނގިގެން އަހަރެން ކުރާނީކީއް؟ އެހެންނޫނަސް އަހަރެންގެ ޢާއިލާމީހުން ބުނި އެ މީހަކު އަހަންނަށް ފަރުވާކުރުމަށްޓަކައި ވަރަށް ގިނަ ފައިސާ ޚަރަދުކުރިކަމަށް… ޔަޤީނުން ވެސް އެކަހަލަ ކަމެއް މިހާރު ނުކޮށްދޭނެ ރަނގަޅު ހިތެއްގެ ވެރި މީހެއްނޫނީ… އެހެންމީހަކު ނަމަ އަޅާވެސް ނުލާނެ… ޚާއްޞަކޮށް ފައިސާވެރިއެއްނަމަ އަހަރެން ކަހަލަ ނިކަމެއްޗަކު ނުވެސް ފެންނާނެ”

“ޝަނާ… އަހަރެންގެ ކާރުގައި އެ ރޭ ޝަނާ ޖެހުނީ… އަހަރެން ދުއްވަން އިނީ…”

“ޝާހީން… ކީކޭ ތިކިޔަނީ”

“ޝަނާ ހޯދަން މި ކެފޭއަށް އަހަރެން އަންނަނީ ޝަނާގެ ހާލު ދުށުމަށް… އަހަރެންގެ އަތުން ޝަނާއަށް ތިހެންވީ… ޝަނާގެ ފަރުވާއަށް ހުރިހާ ޚަރަދެއް ކުރި މީހަކީ އަހަރެން… އެކަމަކު… އަހަންނަށް… އަހަންނަށް ޝަނާގެ ފައި ރަނގަޅެއް ނުކޮށްދެވުނު… މުޅި އުމުރު ދުވަހަށް ކޮރުޖަހަމުން ހިނގާ މީހަކަށް ޝަނާ ހެދީ އަހަރެން…”

“ތީ މޮޔައެއް… އަހަރެން މިހާރު ޝަކުވާއެއްނުކުރަން… މީ ތަޤުދީރުގައި މިކަން ވާންއޮތް ގޮތް، ތެދަށް ބުނަންޏާ ޝާހީން އަހަންނާ ގާތްވާން ތިކުރި މަސައްކަތުން އަހަރެން މާ ދެރަވެއްޖެ… އަހަންނާ ވާހަކަ ނުދެއްކިނަމަ އަހަރެންގެ ހިތުގައި ޝާހީނަށްޓަކައި ޚާއްޞަ މަޤާމެއް ނުދެވުނީސް… އެކްސިޑެންޓްވެގެން ލިބުނު އަނިޔާއަށްވުރެ ހިތަށް ލިބުނު އަނިޔާ ބޮޑު… ޝާހީން އަހަންނާ މެދު ހަމްދަރުދީނުވިއްޔާ އެންމެ ރަނގަޅުވާނީ… އަހަންނަށް ރަނގަޅީ މީގެ ފަހުން އަހަންނާ ބައްދަލުކުރަން ޝާހީން ނޫޅުނިއްޔާ”

“ޝަނާ… މަޑުކޮށްބަލަ… އަހަރެން އެއްފަހަރު ވެސް ބުނެފިންތަ އަހަންނަށް ޝަނާ ކަމަކު ނުދެޔޭ… އަހަރެން ކަންބޮޑުވީ ޝަނާ އަހަރެން ބަލައި ނުގަނެފާނެތީ… އަހަރެންގެ އަތުން ޝަނާއަށް ލިބުނު ގެއްލުން ފޫނުބެއްދޭހާ ބޮޑު… އަހަރެން ކަހަލަ މީހަކު ޝަނާގެ ހަޔާތަށް ގެންނާކަށް ބޭނުމެއްނުވާނެ… ހަޤީޤަތުގައި މިވީ ދުވަސްތަކުގައި އަހަންނަށް ޝަނާ ވަރަށް ކަމުގޮސްފި”

“ޝާހީންގެ ތި ވާހަކަތަކުން ވެސް އަހަންނަށް ޝާހީންގެ ގޮތް އެނގިއްޖެ… އަހަރެން ޝާހީންގެ ފަރާތުން ބަދަލު ހިފުމެއް ބޭނުމެއްނޫން… އެއަށްވުރެ އަހަންނަށް ޝާހީންވަނީ މާ ބޮޑަށް ކަމުގޮސްފައި…”

“އެހެންވީރު އަހަންނާ ޝަނާ ގުޅޭނަންތަ؟” ޝަނާޔާގެ އަތުގައި ޝާހީން ހިފާލިއެވެ.

“ޔަޤީނެއްނު… އުފަލުން ހުރެ…” ޝާހީންގެ އަތަށް ބާރުކޮށްލަމުން ޝަނާޔާ ބުނެލިއެވެ. އަދި އަވަސްއަވަހަށް ބޯޖަހާލީ ނިކަން ބޮޑަށް ހިނިތުންވެލައިގެން ހުރެއެވެ.

ޝާހީންގެ މާޔޫސްވެފައި ހަޔާތަށް ހަމަޖެހުން ލިބިގެންދިޔައެވެ. އުންމީދުކުރި ގޮތް ނޫނަސް ތަޤީދީރު އޭނާއަށް މަގުދައްކައިދިނެވެ. ހިތްވަނީ އުފަލުންނެވެ. ޝަނާޔާއާއެކުއެވެ. އެ އަންހެންކުއްޖާއަށް އޭނަގެ އަތުން ލިބުނު ހިތާމައަށްވުރެ އުފާވެރިކަމާއި ލޯބިދޭން ޝާހީން ނިންމިއެވެ.

– ނިމުނީ –

Leave a Comment

Your email address will not be published. Required fields are marked *