NUFILAANEY THIHADHAAN [Part 4]


“ހޫމް…ވަރަށް ގިނަދުވަހު މަންމަ އާއި ދުރުގަ އުޅެވިއްޖެ، ދެން ނުފޮނުވާނަން އެއްވެސް ތަނަކަށް” ޒާރާނާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ. އޭނަގެ އެކަނިވެރި ދިރިއުޅުން ފަޅުފިލާނެ ކަމުގެ އިޙްސާސްއެއް ކުރެވިގެންދިަޔައެވެ.

“ދަރިފުޅު ގޮވައިގެން ސަލާމަތުން މިހުރީ އައިސް، އެކަމަކު ބައްޕައަށްވުރެ ކުރިން ހޯދަންބޭނުންވީ މަންމަ، ކޮބާ މަންމަ އާއި ބައްދަލުވެވުނިއްޔާ މިކޮޅަށްވެސް އިޝާރާތެއްކޮއްލަންވީނު” ގޭގެ ބިއްދޮށަށް ނުކުންނަން ހުންނަ ދޮރުމަތީ މަޑުކޮއްލައިގެން ހުރެ އާފާގު ބުނެލިއެވެ. އެއާއިއެކު ޒުވާން އައްޔަދުގެ ފިރިހެންވަންތަކަމުން ފުރިގެންވި ހުނުމުގެ އަޑުއިވިގެންދިޔައެވެ.

އައްޔަދު އޭނައަށް ޚާއްޞަކުރެވިފައިވާ ކޮޓަރިއަށްދިޔައެވެ. ތާޒާވެލައިގެން އާއިލާ އާއިއެކު މެންދުރުގެ ކެއުމުގައި ބައިވެރިވުމަށެވެ. ހަމަޖެހުމުގެ ނޭވާއެއްލުމަށްފަހު އޭނަގެ ފޮށި ހުޅުވާލިއެވެ. އަދި ޓީޝާޓަކާއި ޖިންސެއް ނެގުމަށްފަހު އެއެއްޗެހި ލައިގެން އޭނަ ނުކުތެވެ. ފޮށީގައި ދެންހުރި އެއްޗެއްހި ނަގާނީ އަދިފަހުންކަމުގައި އޭނަ ދެކުނެވެ. ގިނަ ދުވަސްތަކެއްވަންދެން ރާއްޖޭން ބޭރުގައި އުޅުމުގެ ސަބަބުން އޭނަގެ އެއްވެސް ރައްޓެއްސެއް މާލެއަކު ނެތެވެ. އެހެންނަމަވެސް މާލެ ތެރެ ބަލާލުމަށް ބައްޕަ އާފާގު އާއިއެކު ކާރުގައި ދުއްވާލަން ދާން ނިންމީ ކާންއިނދެފައެވެ. ޒާރާނާ އައްޔަދުއަށް ނަސޭހަތްތެރިވީ އާފާގުގެ ވިޔަފާރީގައި ބައިވެރިވުމަށެވެ. އަދި އަޑިއަށް ދަމުންދާ އާފާގުގެ ވިޔަފާރި އަލުން ކޮޅަށް ނަގާދިނުމަށެވެ. އެހެންނަމަވެސް އައްޔަދުގެ ފަރާތުން އާފާގުގެ ވިޔަފާރިއަކަށް މާބޮޑު ޝައުގުވެރިކަމެއް ނުލިބުނެވެ.

ޒައުލްގެ އެއްވެސް ޚަބަރެއްނުވުމުން ޔޫހާއަށް ހައިރާންކަމެއް ލިބުނެވެ. ހިތަށް އުނދަގޫތަކެއްވެސް ވިއެވެ. ޒައުލްއަށް އިތުބާރު ކުރުމަކީ އޭނަގެ މޮޔަކަން ކަމުގައި އޭނަ ދެކެއެވެ. ކިޔާންގެ ދިރިއުޅުމަށް އޭނަ އައިސް އަމިއްލައަށް އެއީ ކިޔާންގެ ބައްޕަ ކަމުގައި ބުނެ އަނެއްކާވެސް އެމީހުންނާ ޒައުލް ދުރުވީއެވެ. އޭނަ އެހެން ކަންތައްކުރަނީ ކީއްވެބާއޭ ޔޫހާ ހިތަށްއަރައެވެ. ޔޫހާއަށް ކޮންމެ ކަމެއް ކުރިކަމުގައި ވިޔަސް ކިޔާންއަށް އޭނަ ދޮގުހަދައި އޮޅުވާލާކަށް ޔޫހާ ނޭދެއެވެ. ކުރިއަށްވުރެ ޒައުލްދެކެ ފޫހިވިއެވެ. ކިޔާން ޒައުލްގެ ވާހަކަ އަހާތީވެސް ޔޫހާ ހުންނަނީ މިފަހަކަށް އައިސް ކަންބޮޑުވެފައެވެ. ހޮޓެލްގައި އޭނަ ނޫޅޭކަން އެނގެއެވެ. ދިޔައީ ކޮންތާކަށްކަމެއް ނޭގެއެވެ. އީލާކްގެ ޚަބަރުވެސް އޭނައަށްވަނީ އެކުގައި މަސައްކަތް ކުރާ ކުއްޖެއްގެ ފަރާތުން އެނގިފައެވެ. އެކަމާ ޔޫހާ ދެރަވެ އީލާކް އާއިމެދު ހަމްދަރުދީ އުފެދުނެވެ. ޒައުލްގެ ކޮއްކޮައަށް އީލާކްވީމަ އޭނައަށް ކުރެވުނު އިޙްސާސްއެއްކަން އެނގުނެވެ. އަދިވެސް ޒައުލްދެކެ ލޯބިވެއެވެ. ހަމައެއާއިއެކު ރުޅިވެސް އާދެއެވެ.

ރޮޒޭންގެ މިސްކޯލަކާއިއެކު ފެށުނު ލޯބީގެ ގުޅުން އަދިވެސް ޝާއިން ދިޔައީ ސިއްރެއްގެ ގޮތުގައި ބާއްވަމުންނެވެ. ޝާއިން ގިނަވަގުތު ކޮޓަރީގައި އުޅޭތީ އެކަމާ ޔޫހާ ސުވާލުކުރެއެވެ. އެހެންނަމަވެސް އެއްވެސް އެއްޗެއް އެކަމާގުޅުވައިގެން ޝާއިން ނުބުނެއެވެ. އޭނަގެ އާއިލާ އާއި ހަމައަށް ރޮޒޭންގެ ގުޅުން ގެންނަން ރޮޒޭންވެސް ތައްޔާރެއްނޫނެވެ. ރޮޒޭން އަކީ ކޮންކަހަލަ އާއިލާއަކުން އައިސްފައިވާ ކުއްޖެއްކަން ޝާއިންއަށް އެނގެއެވެ. ހަމައެގޮތަށް ރޮޒޭންއަށްވެސް ޝާއިން އޭނަ އާއި ބެހޭގޮތުން ހުރިހާ ވާހަކައެއް ކިޔާދީފައިވެއެވެ. ރޮޒޭންގެ ފަރާތުން އީލާކްގެ ވާހަކަ ޝާއިންއަށްވަނީ އަޑުއިވިފައެވެ. އެކަންވީގޮތް ވަރަށް ރަނގަޅަށް އެނގޭ މީހެއްގެ ގޮތުގައި ޝާއިންވެސް ވެއެވެ. ދެމީހުން ބައްދަލު ކުރުމަށް ގިނަވަގުތުތަކެއް ނުލިބެނީ ރޮޒޭންގެ އުމުރުން ހަގުކަމާއިއެކު މުއްސަނދި އާއިލާއެއްގައި ހުރި އެންމެ ހަގުކުއްޖާއަށްވީތީއެވެ. ދަތުރުކޮށް އުޅެނީ ކާރުގައި ކަމަށްވެފައި ޝާއިންގެ ސައިކަލު ފަހަތުގައި ގޮވައިގެން ދާތަން ރޮޒޭންގެ އާއިލާ މީހަކަށް ފެނިއްޖެނަމަ މައްސަލަ ގޯސްވެދާނެއޭ ޝާއިންއަށް ހީވަނީއެވެ. ރޮޒޭން ކިތަންމެ ކަމުދިޔަ ނަމަވެސް އެގުޅުން ކުރިއަށް ގެންދެވޭނީ ކިހާ ދުވަހަކުބާއޭ ޝާއިންގެ ހިތަށް ނާރާ ދުވަހެއްނުދެއެވެ. އެގުޅުން ކުރިއަށް ދާނެކަންވެސް ޔަގީންނުވަނީ ދެމީހުންގެ މެދުގައި ހުރި ފަރަގު ޝާއިންއަށް އެނގޭތީއެވެ. ރޮޒޭންއަކީ އަހުލާގު ރަނގަޅު ކުއްޖަކަށްވިޔަސް އޭނަގެ މައިންބަފައިންނަކީ ކޮންކަހަލަ ބައެއްކަން އަދި ޝާއިންއަށް ނޭގެއެވެ. ރޮޒޭންވެސް އާއިލާ އާއި ބެހޭ މާގިނަ ވާހަކައެއް ނުދައްކައެވެ.

ހޮޓެލްގައި މަސައްކަތްކުރުން ޔޫހާއަށް އުނދަގޫވާ ހިސާބަށް ކަންތައްތައް ގޮސްފައިވެއެވެ. އެކަން ޝާއިންއަށްވެސް އެނގެއެވެ. އޭނަ ޔޫހާއަށް ގުޅަނީ ކާކުތޯ ބެލުމުގެ މަސައްކަތް ކުރަމުންދާތާ ދުވަސްކޮޅެއްވެއްޖެއެވެ. އަދިވެސް އެއީ ކާކުކަމެއް ނޭގެއެވެ. ކޮންމެ މީހަކަސް އެމީހަކީ ވަރަށް ގޮތެއްނެއް މީހެއްކަން ޝާއިންއަށްވެސް އެނގެއެވެ. އަދި އެމީހަކު މަސައްކަތްކުރަނީ ޔޫހާ އާއިއެކު ޕާކްވިއު ހޮޓެލްގައިކަންވެސް ޝާއިންއަށް އެނގެއެވެ.

މަސްދުވަސްވަންދެން ރާއްޖޭން ބޭރުގައި އުޅެފައި ޒައުލް މާލެ އައެވެ. ގެއަށް ދިއުމުގެ ބަދަލުގައި އޭނަ ދިޔައީ ޕާކްވިއު ހޮޓެލްއަށެވެ. އެންމެ ފުރަތަމަވެސް ޒައުލް ބަލާލީ ފައުޒީ ކޮބާތޯއެވެ. އޭނަ މާލޭން ބޭރުގައިވީ ދުވަސްތަކުގައި ހޮޓެލްގެ ކަންތައްތައް ދިޔަ ގޮތުގެ ތަފުސީލު ހޯދުމަށެވެ. ފައުޒީގެ ކެބިންއަށް ގުޅާލިއިރު ފޯނެއް ނުނަގައެވެ. މާބޮޑު ކަމަކަށް ނުހަދާ އޭނަ މަންސޫރަށް ގުޅާލީ އޭނަގެ އަމިއްލަ މޯބައިލް ފޯނުންނެވެ.

“ބައްޕާ، އަޅުގަނޑު މާލެއަތުވެއްޖައިން، މިވަގުތު މިހުރީ ޕާކްވިއުގަ، ގަސްދުކޮއްގެން މިހުރީ ހޮޓެލްތަކުގެ ކަންތައްތައް މިކޮޅުގަ މަޑުކޮއްލައިގެން ބަލާލަންކަމަށް، އެންމެ ރަނގަޅުތޯ” ޒައުލް މަންސޫރުގެ ހުއްދައަކަށް އެދޭފަދަ ގޮތަކަށް ބުނެލިއެވެ.

“ދަރިފުޅު އަރާމުކޮއްލަންވީނު، މިއަދު އެއްނު ތި އާދެވުނީވެސް، ބައްޕަ މެންދުރު ތިކޮޅަށް ހިނގައިދާނަން، ގޮސް ކަންތައްތައް ބަލާލަފާނަން” މަންސޫރު އޭނަގެ ހިޔާލުފާޅުކުރިއެވެ.

“ނޫނޭ ބައްޕާ، އަޅުގަނޑު ތިހީކުރައްވާހާ ވަރުބައްޔެއްނޫނޭ، އެހެންނޫނަސް މަސައްކަތްތަކާއި ދުރުގައި އުޅެންޖެހުނީމައި މިހުރީ ވަރަށް ފޫހިވެފަ، ބޭނުންވަނީ ވީހާވެސް އަވަހަކަށް އަޅުގަނޑުގެ ޒިންމާތައް އުފުލުމުގައި މަސްއޫލުވުމަށް، ބައްޕަ ރިޓަޔާޑްގައި ހުންނަވަނިކޮށް އަލުން ކޮމްޕެނީގެ ކަންތައްތައް ޖައްސަވާކަށް އަޅުގަނޑަށް ނުކެރޭނެ، މިވަގުތުން ފެށިގެން އަޅުގަނޑު ހުރިހާ ކަމަކާ އަނެއްކާވެސް ހަވާލުވެއްޖައީމު، ބައްޕަ އެއްވެސް ކަމަކާ ކަންބޮޑުވެލައްވާނެކަމެއްނެއް” ޒައުލް ބުނެލިއެވެ. އަދި ފޯނުގައި ހުރެ އޭނަ ހިނގަމުން ދިޔައީ ފައުޒީގެ ކެބިންނާއި ދިމާލަށެވެ.

“އެންމެ ރަނގަޅު، ދަރިފުޅު ބޭނުންވާގޮތަކަށް ބައްޕަ ފާޑުކިޔާކަށް ނެތިން، އެކަމަކު ހަވީރުން ގެއަށް އަންނަންވާނެ، ދޮންތަވެސް އުޅެނީ ވަރަށް އެކަނިވެގެން، ކޮއްކޮ ދިޔަފަހުން ގޭތެރެ މުޅިންހެން ފަޅުވެއްޖެ”  މަންސޫރުގެ އަޑުގައިވެސްވަނީ އެކަނިވެރިކަމެއް ހަރުލާފައެވެ. ޒައުލް ހަވީރުން ގެއަށްދާނަން ކަމުގައި މަންސޫރުއަށް ވަޢުދުވަމުން ފޯނު ކަނޑާލިއެވެ. އޭރު އޭނަހުރީ ފައުޒީގެ ކެބިން ކުރިމަތީގައި ކަމަށްވާތީ ފޯނު ޖީބަށްލަމުން އެކެބިންގެ ދޮރު ޓަކިޖަހާލާފައި ހުޅުވާލައިފިއެވެ. އެތަނަކު ފައުޒީއެއް ނެތެވެ. ފައުޒީތެދުވެގެން ދިޔަގޮތަށް ގޮނޑިވެސް ހުރީ މެޒާއިދުރުގަ އެއްފަރާތަކަށް އެނބުރިފައެވެ. ޒައުލް އެކެބިންއިން ނުކުންނަން އެނބުރިލިވަގުތު ފައުޒީގެ ޓްރޭގައި އޮތް ރަތްކުލައިގެ ފައިލު ފެނި އެނެގުމަށް އެތެރެއަށް ހިނގައިގަތެވެ. ރަތްކުލައިގެ ފައިލްގައި އަބަދުވެސް ފައުޒީ ޒައުލްއަށް ގެނެސްދޭނީ މަސައްކަތަށް ފަރުވާކުޑަކުރާ މުވައްޒަފުންގެ ލިސްޓުތަކެވެ. އެހެންވެ އެފައިލް ބަލާލުމަށް ޒައުލް ޝައުގުވެރިވީއެވެ. ފައިލްނެގިވަގުތު އޭގައި ހުރި ގަނޑުތައްވަނީ ހަރުނުކޮއްކަމަށްވާތީ ބައެއްގަނޑުތައް ފައިލްގެ ތެރެއިން ފައިބައިގެން ދިޔައެވެ. އެހިނދު އެތަނުން ގަނޑަކުން ފައުޒީގެ ކޮމްޕިއުޓަރ މައުސްގައި ޖެހި ނިވިފައިހުރި މޮނީޓަރ ހުޅުވިގެންދިޔައެވެ. ޒައުލް ގަނޑުތައް އެއްކޮއްލުމަށްފަހު ފައިލްގެ ތެރެއަށް ލަމުން ކޮމްޕިއުޓަރުގެ މޮނީޓަރަށް ބަލާލިއެވެ. އޭނައަށް ފެނިގެންދިޔައީ ހޮޓެލްގެ ސީސީޓީވީ ކެމެރާތަކަށް ލެވިފައިވާތަނެވެ. ޒައުލް ކުޑަކޮށް ހީލުމަށްފަހު ފައިލް ހިފައިގެން ކެބިންއިން ނުކުންނަން ދިޔައީ ފައުޒީ އޭނަގެ މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަމާއިމެދު ހިތްހަމަޖެހިފައި ހުރެއެވެ. ޒައުލް އެނބުރި އޭނަގެ އަމިއްލަ ކެބިންއަށް ވަދެ ކޮމްޕިއުޓަރ އިން ދުވަހުގެ ޑިއުޓީ ރޮސްޓަރ ބަލާލިއެވެ. ވަރަށް ދެރައެވެ. އޭނަގެ ހަގީގީ ހިތްހަމަޖެހުން ގުޅިފައިވާ ފަރާތާ ބައްދަލުވާގޮތެއްނުވިއެވެ. ޔޫހާ އެވަގުތު ޑިއުޓީގައި ނޫޅެއެވެ. ޔޫހާގެ ޑިއުޓީ އިނީ ދަންވަރުއެވެ. އެހެންވިޔަސް ތުންފަތަށް ލާނެއް ހިނިތުންވުމެއް ވެރިވުމާއިއެކު އޭނަގެ ސިކުނޑީގައި މިރެއަށް ރަނގަޅު ޕްލޭނެއް ރާވާލިއެވެ.

ޝާއިން ޔޫހާއަށް ގުޅާ ގޮތްނޭގޭ މީހަކީ ކާކުތޯ ބެލުމަށްޓަކައި އެނަންބަރަށް ވަރަށް ގުޅައެވެ. އެހެންނަމަވެސް މިވީހާތަނަށް ފޯނެއްނުނަގައެވެ. ގުޅި ފުރަތަމަ ދުވަހު ފޯނުނެގިއެވެ. އެހެންނަމަވެސް ވާހަކައެއް ނުދެއްކިއެވެ. އެހެންވެ ޝާއިންވެސް ވާހަކަނުދައްކާ ފޯނު ކަނޑާލީއެވެ. އޭނަ ދިރާގުގެ އާނަންބަރެއް ނެގިއެވެ. އެވެސް އެމީހަކު ހޯދުމުގެ ބޭނުމުގަ ކުރިކަމެކެވެ. ނަންބަރުނެގީ ދިރާގުގައި އުޅޭ ކުއްޖެއްގެ އެހީތެރިކަމާއިއެކު އޭނަގެ ނަމުގައެވެ. އަދި ދެމީހުން އެކުގައި ރޭގަނޑުގެ ކޮފީއެއްގައި ތިބެ ޔޫހާއަށް ގުޅާ ނަންބަރަށް ގުޅިއެވެ. އެމީހަކު ދެވަނަ ރިންގުން ފޯނުނެގިއެވެ. ޝާއިންގެ ރަޙުމަތްތެރި އަންހެން ކުއްޖާ އޭނަގެ އިރުޝާދާއިއެކު ހެލޯއޭ ބުނެ ވާހަކަދައްކަންފެށިއެވެ. އެވަގުތު ފޯނު ހުރީ ސްޕީކަރަށް ލާފައެވެ. ފޯނުގެ އަނެއްކޮޅުގައި ހުރި މީހާވެސް ވާހަކަދައްކަންފެށިއެވެ. ފުރަތަމަ ޖުމްލައިންވެސް ޝާއިންއަށް އެއީ ކާކުގެ އަޑެއްކަން ނަގައިގަނެވުނެވެ. ވަގުތުން ރުޅިވެސް އާދެވުނެވެ. އެހެންނަމަވެސް ރަޙުމަތްތެރިޔާގެ އެހީގައި އެމީހެއްގެ ވަނަވަރު ބޭނުންވާވަރަށް ހޯދުމަށްފަހު އޭނަ ބައްދަލު ކުރަން އެދުމުން އާއެކޭ ބުނެފައި ފޯނު ބޭއްވިއެވެ. ޝާއިންގެ ދުލުން ވަގުތުން ރުޅިވެރިކަމުގެ ބަސްތައް ނުކުތެވެ. އޭނަގެ ކައިރީގައި އިން ރަޙުމަތްތެރިޔާ ހިނިއައިސްފައި އިނދެ ވާހަކަދެއްކިއެވެ. އަދި އެމީހަކު އެހާވަރަކުން ހޯދަން ތިއުޅެނީ ކީއްވެތޯ ސުވާލުކުރިއެވެ. ޝާއިން ކުރުގޮތަކަށް އެވާހަކަ ކިޔާދީފައި ޝުކުރުއަދާކުރިއެވެ. ދެން ކުރަންވީ ކީއްކަންވެސް އޭނަގެ ސިކުނޑީގައި ރާވާލިއެވެ.

ވިސްނަންހުރެފަވެސް އިތުރުގޮތެއްނެއް މީހަކުފަދައިން ޔޫހާ ޑިއުޓީއަށް އައީ ވަރަށްވެސް ފޫހިވެފަ ހުރެއެވެ. ކުރިއަށްވުރެ ބޮޑަށް ޔޫހާއަށް ފައުޒީގެ މައްޗަށް ޝައްކުކުރެވެންވަނީ ފެށިފައެވެ. އެހެނީ އޭނަ ދަންވަރު ޑިއުޓީނެގިކަމުގައި ވިޔަސް ބައެއްރޭރޭ ހޮޓެލްގައި ފައުޒީ އުޅުމެވެ. ޔޫހާގެ ގާތުގައި ކޮފީއެއް ބޯލުމަށް ބްރޭކް ގަޑިތަކުގައި ދިއުމަށް އޭނަ އެދެންފެށުމުންނެވެ. އެއިން ކޮންމެ ފަހަރަކު އުޒުރަކާއިއެކު ޔޫހާ ދުރުވެގަނެއެވެ. އެކުގައި އުޅޭ ބައެއް މުވައްޒަފުން އެވާހަކަތަށް ދައްކަންވެސް ފަށައިފިއެވެ.

“ފައުޒީގެ ލިސްޓަށް ކުއްޖަކު އިތުރުވެއްޖެ، ޔޫހާ، އަހަރުމެންނަށް ހީވަނީ ފައުޒީ އެއުޅެނީ ޔޫހާއަށް ހިތްކިޔައިގެންހެން” ބައެއް ސްޓާފުން ޔޫހާ އާއި ދިމާލަށް މިހެން ބުނަންވެސް ފަށައިފިއެވެ. އެފަދަ ވާހަކަތަކަށް ޔޫހާ މަސައްކަތް ކުރަމުން ދިޔައީ ބީރުކަންފަތެއްދެވޭތޯއެވެ. އަނގައިން ބަހެއްވެސް ނުބުނެވޭތޯއެވެ. ދަންވަރު ޑިއުޓީގައި ޔޫހާ އާއިއެކު ކައުންޓަރު ދޮށުގައި ދެން އިން ކުއްޖާ ރިޝްފާ ބްރޭކަށް ފޮނުވާފައި އޭނަ އެކަނިއިންވަގުތެކެވެ. ފޯނު ރިންގުވުމާއިއެކު ރަސްމީސިފައެއްގައި ޔޫހާ އަވަސްވެގަތުމާއިއެކު ޖަވާބުދިނެވެ.

“ޔޫހާ…” ޒައުލްގެ އަޑުއިވިގެންދިޔައެވެ. އެހިނދު ޔޫހާގެ ޔޫނީފޯމްގެ ތެރެއިންވެސް ހަށިގަނޑުގައިވާ ލޯލިތައް ކޮޅަށްޖެހި ކަރަންޓުގެ އޮއެވަރެއް ދުވެލިހެން ޔޫހާއަށް ހީވެގެންދިޔައެވެ. އެއަޑު ކިތަންމެ ފަހަރަކު އިވުނުކަމުގައިވިޔަސް ޔޫހާއަށް އެކުރެވޭ އިޙްސާސް ހަމަކޮންމެފަހަރަކުހެން އޭނަގެ ހިތާވިންދު އަވަސްކުރުވައެވެ. އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ އިތުރުބާރާއިމެދު ސުވާލުކުރުވައެވެ. މީހާ ގަނޑުކޮއްލާފަދަ ބާރެކެވެ.

“ޔޫހާ، މީ ޒައުލް…ކީއްވެ އަނގައިން ނުބުނީ؟” ޒައުލް މަޑުމައިތިރިކަމާއިއެކު ވާހަކަދެއްކިއެވެ.

“އަހަރެން ބުނަންވީ ކީކޭތަ؟” ފޫހިގޮތަކަށް ޔޫހާ ބުނެލިއެވެ. އަދި އަވަސްވެފައިވާ ހިތް ހަމައަކަށް އަޅުވަމުން ޒައުލް ކަންތައްކުރި ގޮތުގެމަތިން ހަނދާންކުރިއެވެ. ކިޔާން ޒައުލް އާއި ބެހޭގޮތުން ކުރި ސުވާލުތަކުގެ މަތިންނެވެ. ފޫހިކަމެއް ވެރިވެގެން ދިޔައީ އެހެންވެއެވެ.

“ވާހަކަ ދައްކާހިތުން މިގުޅާލީ، ކޮންމެވެސް އެއްޗެއް ބުނެބަލަ” ޒައުލް ބުނެލިއެވެ.

“ހޮޓެލްގެ ގަވައިދުގައި އޮންނަގޮތުންވެއްޖެއްޔާ ފޯނުގައި އެއްވެސް ބޭނުމެއްނެތި މާގިނައިރު ހުރުމަކީ މަނާކަމެއް، ކިހިނެއް އެނގެނީ މިފޯންކޯލް އަޑުނާހާނެ ކަމެއްވެސް” ޔޫހާ ޝައުގުވެރިކަން ކުޑަގޮތަކަށް ބުނެލިއެވެ.

“ހެ ހެ ހެ…މިކޯލް އަޑުއަހާނެވަރުގެ މީހަކު ނުހުންނާނެ، އެހެންނޫނަސް ވެރިޔާ އާއި ތިވާހަކަދައްކަނީ، އެހެންވީރު މައްސަލައަކީ ކޮބާ؟ ތިނޫން ވާހަކައެއް ދައްކަބަލަ” ޒައުލް ލުއިގޮތަކަށް ހީލާފައި ބުނެލިއެވެ. އެއަޑުގައި ލޯބީގެ އަސަރު އެކުލެވިފައިވެއެވެ. އެތަފާތުކަން ޔޫހާއަށްވެސް ފާހަގަކުރެވުނެވެ.

“ކޮންވާހަކައެއްތަ އަހަރެން ދައްކަންވީ، ހުރިހާ ވާހަކައެއް ދައްކަނީ ޒައުލްއެއްނު…ދެން ނޭގެ މަށަކަށް، މިހާރު ރިޝްފާ އަންނާނެ، ފޯނު ބާއްވަނީ” ޔޫހާ ވާހަކަދައްކާކަށް ބޭނުމެއްނުވިއެވެ. ޔޫހާއަށް ފާރަލާ މީހަކު އޭނައަށް ޒައުލް ފޯނުކުރިކަންވެސް ބަލާފާނެކަމާއިމެދު އޭނަ ކަންބޮޑުވަނީއެވެ.

“އެހަށް މަޑުކޮއްބަލަ، ފަތިހު އަހަރެންނާ ބައްދަލުކޮއްލަން އަންނަންވީނު، އަހަރެން މިރޭ އެއްކޮށް އުޅޭނީ މިކޮޅުގަ، ކިޔާންއަށް ގެނައި އެއްޗެއްވެސް އޮންނާނެ، ޕްލީޒް” ޒައުލް މަސައްކަތް ކުރީ ރީތިކޮށް ވާހަކަދެއްކޭތޯއެވެ. އެހެންނަމަވެސް ޔޫހާ މިހާރަކު ނޫނޭ ކިޔާ ފޯނުބޭއްވިއެވެ. ގިނައިރެއްނުވެ ޔޫހާ ސިހިގެން ދިޔައީ ކައުންޓަރު ކައިރިއަށް އައިސް ހުއްޓުނު ޒައުލް ފެނުމުންނެވެ. ހޮޓެލްގެ ނަންޖަހާފައިވާ ޓީޝާރޓަކާއި ކުކުޅުބިސްކުލައަށްދާ ސޯޓެއްގައި ޒައުލް ހުރީ ވަރަށްވެސް އާދައިގެ ކޮށެވެ. އަބަދު ބޫޓުގައި ފެންނަ ޒައުލް އަރާލާފައިހުރީވެސް ހޮޓެލްގައި މަޑުކުރާ މެހެމާނުންނަށް ހޮޓެލްގެ ފަރާތުން ދޭ ފައިވާނަކަށެވެ. މާޒީ ހަނދާންކުރަން ބޭނުންނުވިނަމަވެސް ޔޫހާއަށް އޭނަގެ ހިތާ ސިކުނޑީގައި ބިންވަޅުނެގިފައިވާ މަންޒަރުތަކާއި އެހަނދާންތައް ނުހިފެއްޓުނެވެ. އޭނަގެ މޫނުމަތިން ފެނިގެން ދިޔައީ ކަންބޮޑުވުމެވެ.

“ހާއި…އަހަރެން މިއައީ ކީއްވެގެންތޯ ނާހާނަންތަ؟” ތެދުވެހުރި ޔޫހާގެ މޫނާ މޫނު ގާތްކޮއްލަމުން މަޑުމަޑުން އަހާލިއެވެ. އަދި ލޯބިވެތި ސަމާސާއެއްގެ ގޮތުގައި އެކޯތާފަތަށް ފުމެލިއެވެ. ދެލޯބޮޑުވެ ސިހިގެންދިޔަ ޔޫހާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އެހިނދު ލިފްޓު ހުޅުވިގެން ދިޔައަޑުއިވުމާއިއެކު ރިޝްފާ ލިފްޓުން ނުކުތްތަން ޒައުލްއަށް ފެނުނެވެ. އޭނަ ކައުންޓަރުމަތީ އަޅުވާލެވިފައިވާ އަތްނަގަމުން ހުޅުވުނު ލިފްޓާއި ދިމާލަށް ހިނގައިގަތެވެ. އަދި ކައިރިން ލާފައި ދިޔަ ރިޝްފާއަށް އަވަސް ހިނިތުންވުމެއް ދިނެވެ.

މުޅިން އާދުވަހަކަށް އިރުއަރައިފިއެވެ. ޝާއިން ހެނދުނު ސައިބޯން އިނދެގެންވެސް ވިސްނަމުންދިޔައީ ޔޫހާއަށް ގުޅާ މީހާ ރަނގަޅު ގޮތުގަ ބޭޒާރުކޮއްލާނެ ގޮތަކާއިމެދުއެވެ. އޭރު އަދި ޔޫހާއަށް ޑިއުޓީ ނިންމާފައި ނާދެވޭތީވެ ޝާއިންއަށް ސައިހަދައިދިނުމުގެ ކަންތައްތައް ކުރީ އަފްލީންއެވެ. އަނެއްކޮޅުން ޔޫހާ ޑިއުޓީ ނިމުމާއިއެކު އަވަސް ފިޔަވަޅުގައި ހޮޓެލުން ނުކުމެގެން ގެއަށް ދިއުމަށް ހިނގައިގަނެއްޖެއެވެ. ޒައުލް އެދިފައިވިޔަސް އޭނައާއި ބައްދަލުކުރުމެއްނެތި ޔޫހާ ކިޔާންގެ ގާތަށް ދިއުމަށް އަވަސްވެގަތީއެވެ. ގަދަނިދީގައި ޒައުލް އޭނަގެ އަރާމުބޮޑު ކޮޓަރީގައި އެކަމުގެ އެއްވެސް ހިލަމެއްވެސް ނުވެއޮއްވައެވެ.

“މަންމާ، މަންސޫރު ކޮމްޕެނީއަކީ ކޮބާތަ؟ ދަށަށްގޮސްގެން ބައްޕަގެ ކޮމްޕެނީއިން ބިޑަށްލާ ކޮންމެ ހޮޓެލްއެއް ގަނެފައިވަނީ އެމީހުން، އަނެއްކާ ވިޔަފާރީގަވެސް ޒާތީކަމެއް އޮންނަނީތަ” ހެނދުނު ނާސްތާ ކުރަމުން ދިޔަ އައްޔަދު ސުވާލުކުރީ ޒަރާނާ އާއިއެވެ.

“މިހާރު ރާއްޖޭގެ ފެންވަރުގަ ހޮޓެލްދާއިރާގަ އެންމެ މަތީ ހަރުފަތުގަ އޮތް ކުންފުންޏަކީ މަންސޫރު ކުންފިނީގެ ހޮޓެލްތައް، އެހެންވީމަ ދަށަށްދާ ހޮޓެލްތައް ގަންނާނީވެސް އެމީހުންނެއްނު” ޒަރާނާ ކުޑަހިނދުކޮޅަކަށް ހުއްޓުންއެރިނަމަވެސް އެކަން ފޫއްބައްދާލިއެވެ. އައްޔަދުއަށް ހަގީގަތް އަންގަން ޒަރާނާ ޖެހިލުންވަނީއެވެ. ދަރިފުޅު އޭނަދެކެ ވާލޯތްބަށް ބަދަލެއް އައިސްދާނެތީއެވެ.

“ހޫމް، މޭބީ ޔޫ އަރ ރައިޓް މަމް، ބައްޕަ ކޮންއިރަކުންތޯ ދުރުވާނީގެއަށް…އަސްލު ވަރަށް ބޯރިން ކަމެއް ބައްޕަ އެކުރައްވަނީ، ޑިފަރެންޓް ވިޔަފާރިއެއް ފެއްޓުމަށް ބައްޕައަށް އައިޑާ ދޭންވީކަންނޭގެ” އައްޔަދު ޓޯސްޓްނަގާ އަނގަޔަށް ލަމުން ބުނެލިއެވެ.

ޒައުލްއަށް އޭނަގެ ކެބިންނާއި ހަމައަށް އާދެވުނު އިރު ދިހައެއްޖަހާ ބޮޑުވެއްޖެއެވެ. އަވަހަށް ފައުޒީއަށް ގުޅާ ހުރިހާ ކަމެއް އޮޅުންފިލުވިއެވެ. އޭނަގެ ޑްރައިވަރު ޖަމާލުގެ އަތަށް ފާރުސަލެއްދީފައި މާވިއްކާ ފިހާރައަކުން ރަތްފިނިފެންމަލުގެ ބޮޑު ގުލްދަސްތާއެއް ގަނެފައި ޔޫހާއަށް ގެންގޮސްދިނުމަށް ބުންޏެވެ. ގާރޑަންވިއުއަށް މުވައްޒަފުން ކަނޑައެޅުމުގައި މުޅިދުވަހުހެން ޒައުލް އުޅުނީ ވަރަށް ބުރަކޮށެވެ. އަދި ނުވިތާކަށް އޭނަ މާލެއައުމުން ބޭއްވުމަށް ލަސްކުރެވިފައިވާ ދެމީޓިންއެއްވެސް ކުރިއަށް ގެންދިޔައެވެ.

“ހެލޯ، ކުޑަ ސާހަބް، ޔޫހާ މެޑަމްގެ ގޭގެ ދޮރުހުރީ ތަޅުލާފަ، ހީވަނީ އެކަކުވެސް ނޫޅެނީހެން” ޔޫހާ އާއި ބައްދަލުކުރުމަށް އެގެއަށްދިޔަ ޖަމާލު ޒައުލްއަށް ގުޅާފައި ބުނެލިއެވެ.

“މެންދުރުފަހުން ގެންގޮސްދޭންވީނު، އެގަޑީގަ ފަހަރެއްގަ ޔޫހާގެ ކޮއްކޮ އުޅެދާނެ ގޭގަ، ކޮންމެ މީހަކާ ދިމާވިނަމަވެސް ތިއެއްޗެހި ހަވާލުކުރޭ، ބުނޭ ޔޫހާ އާއި ހަވާލުކޮއްދޭށޭ، މިވަގުތު އަހަރެން ވަރަށް ބިޒީ، ޖަމާލް ނުގުޅިޔަސް ރަނގަޅުވާނެ އަހަންނަށް، ހަމަޖެހިލާފައި ވަގުތެއް ހޯދައިގެން އަހަރެން ޖަމާލްއަށް ގުޅާނަން، މައްސަލައެއްނެއް ޔޫހާ މެންގޭ ދޮށުގަ ކާރު ޕާކުކޮއްލައިގެން މަޑުކޮއްލިޔަސް، ވަގުތުވީހާ އަވަހަކަށް އަހަރެން ޖަމާލްއަށް ގުޅާނަން” ޒައުލްގެ ވާހަކަދެއްކުމުގައިވެސް ވަނީ އަވަސްކަމެވެ. ޖަމާލް ލައްބައޭ ބުނެލަމުން ފޯނު ކަނޑާލިއެވެ. އޭނައަށް ކަންތައް ކުރަންވީގޮތް އެނގިއްޖެއެވެ. ތަންކޮޅެއް ދުރުގައި ޔޫހާ މެންގެއަށްވަދެ ނުކުންނަ މީހުން ފެންނަ ހިސާބުގައި ކާރު މަޑުކޮއްލައިގެން އިނެވެ.

ޔޫހާ މެންދުރަށް ތަރުކާރީބަތް ހަދާލުމަށްފަހު ކިޔާންއަށް ކާންދީ ފެންވަރުވާ ރީތިކޮއްލިއެވެ. އަދި އޭނަވެސް ފެންވަރައިގެން ނުކުމެ ބޮލުގައި ފުނާއަޅަން އިންދާ އޮށޯވެލެވުނީ ވެފަހުރި ވަރުބަލިންނެވެ. ދަންވަރުޑިއުޓީ ނިންމާފަ އައިގޮތަށް އޭނައަށް ކުރަންހުރި ކަންތައްތައް ނިންމާލެވުނީ އެގާރަ ޖަހަނިކޮށެވެ. ބާލީހުގައި ބޯޖެހުމާއިއެކު ޔޫހާގެ ދެލޯ މެރޭކަށް ސިކުންތެއްވެސް ނުނެގިއެވެ. އަތުގައި އޮތް ފުނާ އެނދުމައްޗަށް ވެއްޓުނުކަންވެސް އޭނައަށް ނޭގުނެވެ. އޭރު އޭނަގެ ގާތުގައި ފޮތެއް ހިފައިގެން ކުލަޖައްސަން ކިޔާންއިނެވެ. އުމުރުން ކުޑަނަމަވެސް ކިޔާން ދުވަހަކުވެސް ޔޫހާ ނިދާފައި އޮއްވައި ސަކަރާތްޖަހާ އަޑުގަދަކޮށެއް ނުހަދާނެއެވެ.

އަފްލީން އައިސް ގެއަށްވަތްތަން ފެނުނު ޖަމާލު  އަވަސް އަވަހަށް ކާރުން ފޭބީ އަފްލީންގެ ފަހަތުން އެގެއަށްވަނުމަށެވެ. ކާރުގެ ފަހަތުސީޓުގެ މަތީ ބާއްވާލާފައި އޮތް މާބޮނޑި އާއި ޒައުލް ދިން ޕާރުސަލް ހިފައިގެން އޭނަވެސް ހިނގައިގަތީ ޔޫހާ އާއި އެއްޗެއްހި ހަވާލުކުރުމަށެވެ. އަފްލީންއަށް އޭނަގެ ކޮޓަރިއަށް ނުވަދެވެނިސް ޖަމާލުގެ އަޑުއިވުނެވެ. ފަސްއެނބުރި ކީއްކުރާ މީހެއްތޯ ބަލާލިއެވެ. އެހިނދު އޭނަގެ ތުންފަތަށް ހިނިތުންވުމެއްވެރިގެންދިޔައެވެ.

“ޔޫހާ މެޑަމް އެބައުޅުއްވާތޯ” ޖަމާލް އަދަބުވެރިކަމާއިއެކު އަހާލިއެވެ.

“މަޑުކޮއްލައްޗޭ” އަފްލީން މިހެން ބުނެ ޔޫހާގެ ކޮޓަރި ހުޅުވާލިއެވެ. ޔޫހާއަށް ނިދިފައި އޮތްތަން ފެނި އޭނަވެސް ޔޫހާއަށް ގޮވާހިޔާލެއް ނުކުރިއެވެ.

“ޔޫހާއަށް މިވަގުތު ނުކުމެވޭކަށްނެއް، ކިހިނެއް ވީ ޔޫހާ ހޯދަނީ” އަފްލީން ސިޓިންރޫމު ދޮރާދިމާލަށް ހިނގައިގަންނަން ބުނެލިއެވެ.

“މި ޔޫހާ މެޑަމް އާއި ހަވާލުކޮއްދެއްވަފާނަންތޯ” ޖަމާލް ބުނެލިއެވެ. އަފްލީން ޖަމާލު ދިން އެއްޗެހީގައި ހިފުމާއިއެކު އޭނަ ނުކުމެގެން ހިނގައްޖެއެވެ. ކާކު ފޮނުވި އެއްޗެއްތޯ އަހާލަން ބޭނުންވެފައި ހުރި އަފްލީން ތުންފިއްތާލީ އެހާ އަވަހަށް ޖަމާލް ނުކުމެގެން ދިޔައީތީއެވެ. އަފްލީން ޔޫހާގެ ކޮޓަރިއަށްވަތްއިރު ކިޔާންވެސް ކްރެޔޯން ކުލައެއް ހިފައިގެން ޔޫހާގެ ދެމިފައިއޮތް އަތުގައި ބޯއަޅާލައިގެން އޮތެވެ. އޭރުވެސް އޭނަގެ އަމިއްލަ ދުނިޔެއްގައި އުޅޭކަމުގެ ހަރަކާތްތައް ފެންނަމުންދިޔައެވެ.

“ކޮއްކޮގެ ޕްރެޒެންޓެއްތަ؟ ޑެޑީ ފޮނުވީ، ކޮބާ ޑެޑީ…ބޭރުގަތަ” އަފްލީންގެ އަތުގައިވާ އެއްޗެހި ފެނުމާއިއެކު ކިޔާން ފުއްމައިގެންތެދުވެ އަފްލީން އާއި ވާހަކަދެއްކިއެވެ.

“މީގަ އަތްނުލައްޗޭ، މަންމައަށް ކުއްޖަކު ފޮނުވި ޕްރެޒެންޓެއް މީ، މަންމަ ހޭލާފަ ޕްރެޒެންޓު ކަނޑާނެއެއްނު ދޯ” އަފްލީން ކޮޓަރީގައި ހުރި ކުޑައަލާމާރިމަތީ މާބޮނޑި އާއި ޕާރުސަލް ބަހައްޓަމުން ބުނެލިއެވެ.

ހަވީރުގެ ވަގުތެވެ. ކޮންޕަރެންސް ރޫމްއިން ނުކުތް ޒައުލް އާއި ފައުޒީ ހިނގައިގަތީ ފައުޒީގެ ކެބިންއަށް ދިއުމަށެވެ. ހުރިހާ ހޮޓެލްތަކުގައި މިވަގުތު ތިބި މުވައްޒަފުންގެ އަދަދު އެނގޭނޭ ރިޕޯޓެއް ފައުޒީ ތައްޔާރުކޮއްފައިވާތީ އެނެގުމުގެ ބޭނުމުގައެވެ. އަދި ގާރޑަންވިއުގެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި ޒައުލްގެ ދަށުން އެންމެ އިސްކޮށް ހުންނަ ފަރާތެއްގެ ގޮތުގައި ފައުޒީ ހަވާލުވުމުގެ ހިޔާލުވެސް ޒައުލް ފާޅުކުރަން ބޭނުންވާތިއެވެ. ފައުޒީގެ ކެބިންއަށްވަދެ އެމީހުންނަށް ހަމަޖެހިނުލެވެނިސް ފޯން ރިންގުވާންފެށިއެވެ.

“ހެލޯ، ފައުޒީ ސްޕީކިންގް” ފައުޒީގެ މޭޒުމަތީގައި ހުރި ފޯނުގެ އަތްގަނޑު ކަންފަތުގައި ޖައްސާލިގޮތަށް ބުނެލިއެވެ.

“ސަރ، ޝާއިން ކިޔާ ބޭފުޅަކު އެބަހުންނެވި ބައްދަލުކޮއްލަން ވަޑައިގެންއެބަހުންނެވި” ރިސެޕްޝަންގައި އެވަގުތު ޑިއުޓީގައި އިން ކުއްޖާ ބުނެލިއަޑު ފޯނުން ފައުޒީއަށް އިވުނެވެ.

“ބައްދަލުކުރަންށޭ، މިގަޑީގަ…ކޮންބޭނުމަކުތޯ އޮޅުންފިލުވަބަލަ” ފައުޒީ ހައިރާންކަމާއިއެކު ބުނެލިއެވެ.

“ސަރ، އޮންދަވޭ ހޮޓެލްގެ އެޗް އާރް މެނޭޖަރ، ޝާއިންކަމަށް އޭނަބުނަނީ، ކުއްލިގޮތަކަށް ބައްދަލުކޮއްލަން ޖެހިގެންކަމަށް” ދެތިން މިނެޓުފަހުން ފައުޒީއަށް ޖަވާބުދިނެވެ.

“އެހެންތަ، އޯކޭ، އޭނަ އަވަހަށް އަހަރެންގެ ކެބިންއަށް ފޮނުވާ” ފައުޒީ އޭނަގެ ޒިންމާދާރުކަން ކުރިމަތީީގައި އިން ޒައުލްއަށް ދައްކާލާފަދަ ގޮތަކަށް ބުނެލިއެވެ.

“ކަމެއް ޖެހުނީތަ؟” ފައުޒީ ފޯނުގެ އަތްގަނޑު ބާއްވާލުމާއިއެކު ޒައުލް އަހާލިއެވެ.

“ނޫނޭ، އަނެއްހެން ބޮޑުކަމެއްނޫން، އަޅުގަނޑު މެންގެ ހޮޓެލްތަކުން ހޮޓެލެއްގެ އެޗް އާރް މެނޭޖަރ އަޅުގަނޑާއި ބައްދަލުކޮއްލަން ބޭނުންވީ، ހީވަނީ މުވައްޒަފެއްގެ ކަމަކުހެން” ފައުޒީ ބުނެލިއެވެ.

“ފައުޒީ، އާކުދިން ވެއްދުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިއުން މިހަވާލުކުރި ފައުޒީއާއި، ކޮންމެ އިންޓަރވިއުއެއް ކުރިއަށްދާއިއިރު އަހަރެން ހުންނާކަށް ގަސްދެއްނުކުރަން، ޝޯޓެޖްކުރެވި ފައިނަލް ލިސްޓަށް ނަގާކުދިންގެ އިންޓަރވިއު ކުރިއަށްގެންދަންވީމަ އަހަންނަށް އަންގާލާ، އޭރުން އެއިންޓަވިއުތަކުގައި ބައިވެރިވާނަން…ދެން އަދި އަހަރެން ހިޔާލެއްވެސް އެބަކުރަން، ފައުޒީއަށް ޕްރޮމޯޝަނެއްދިނުމުގެ ހިޔާލު…އެކަމަކު ދެން އެހެން ފަހަރަކުން އެވާހަކަ ދައްކާލާނީ ދޯ، މިގަޑީގަ މީހަކާ ބައްދަލުކުރަންވެފަ އޮތީމަ ދެން އަހަރެން ދަނީ” މިހެން ޒައުލް ފައުޒީގެ މޭޒުގެ ކުރިމަތީގައި ހުރި ގޮނޑިން ތެދުވިއެވެ.

“ތެންކިއު ޒައުލް، ހީވެސް ނުކުރާފަދަ އުފާވެރި ޚަބަރެއް ތިދެއްވީ” ފައުޒީ ޒައުލްއަށް ސަލާމްކޮއްލުމަށް އަތްދިއްކޮއްލިއެވެ. ޒައުލް ހިނިތުންވެލަމުން ސަލާމްކޮއްލުމަށްފަހު އެކެބިންއިން ނުކުމެ އޭނަގެ އެޕާޓްމެންޓަށް ދިއުމަށް ހިނގައިގަތެވެ. އޮފީސްތައް ހިންގާ ފްލޯގެ ދޮރުން ނުކުތްވަގުތު ޒައުލްގެ ގައިގާ ޖެހިފައި އެތެރެއަށްވަތް މީހާއަށް ޒައުލް ބަލާލިއެވެ. އޭނައަށް އަވަސް ނަޒަރެއްދެވުނުކަމުގައިވިޔަސް އެއީ ޝާއިންކަން ދެނެގަނެވުނެވެ. އަވަސްފިޔަވަޅުގައި ފައުޒީގެ ކެބިންނާއި ދިމާލަށް ޝާއިންދިޔައިރު އޭނަގެ މޫނުމަތީގައިވާ ހިތްހަމަނުޖެހުމާއި ހާސްކަމުގެ ކުލަވަރު ކޮންމެވެސް ވަރަކަށް ޒައުލްއަށް ފާހަގަވިއެވެ. ޝާއިން އާއި ޔޫހާ އާއި ހުރި ގުޅުން އޭނައަށް އެނގޭތީއާއިއެކު ޝާއިން އެތަނަށް އައިބޭނުމެއް އޮޅުންފިލުވަން ޒައުލް ބޭނުންވިއެވެ. ލިފްޓާއި ދިމާލަށް ދިއުމުގެ ބަދަލުގައި ޒައުލް އަނެއްކާވެސް ވަނީ ނުކުތްދޮރުން އެތެރެއަށެވެ.

ކުއްލިއަކަށް ފައުޒީގެ ކެބިންގެ ދޮރުހުޅުވާލާފައި ވަތް ޝާއިންފެނި އޭނައަށް ހައިރާންކަމެއްވެރިވެގެންދިޔައެވެ. ނަމަވެސް އޭނަ ކުރިމަތީ ހުރި ގޮނޑިއަށް އަތްދިއްކޮއްލާފައި އިށީނުމަށް ޝާއިންގެ ގާތުން އެދުނެވެ.

“ކަލޭ ހީކުރީ މަމިއައީ މިތަނުގަ އިށީންނަން ކަމައްތަ، ފައުޒީ، ކަލެއެއްކަމަކު ތިކުރަނީ ވަރަށް ހަޑިމުޑުދާރުކަމެއް، ކަލޭ ހީކުރަނީ ކީކޭކަމައްތަ، ޔޫހާ އަކީ ހަށިވިއްކާ އަންހެން ކުއްޖެއްކަމައްތަ” ޝާއިން ޔޫހާގެ ނަންކިޔާލުމާއިއެކު ފައުޒީގެ ރޫއަރުވާލައިގެން އިންނިތުގެ ރޫފިލާ ތުންފަތަށް މަލާމާތުގެ ހިނިތުންވުމެއްވެރިވިއެވެ.

“އޯ…ޔޫހާ ދޯ…އަހަރެން ޔޫހާއަށް ގުޅަންވީ ކީއްކުރަން، އެހެންނޫނަސް ޔޫހާގެ ކަމެއްގަ ޝާއިން އަންނަންޖެހުނީ ކީއްވެ، އަނެއްކާ ތިދެމީހުންވެސް ކަމެއްތަ، ޔޫހާ ޝާއިންއަށްވެސް ޗާންސްދެނީތަ” ފައުޒީގެ ވާހަކަ ނުނިމެނިސް އޭނަގެ ކަންފަތްމަތީ ޝާއިން ބޮނޑިއެއް އަޅައިފިއެވެ. އެހޫނުކަމާއިއެކު ފައުޒީވެސް ފުއްމައިގެން ތެދުވެ ޝާއިން ދުރަށްކޮއްޕާލައިފިއެވެ.

“ބުނަން ގައިގައަތްނުލާ، މަށަށްވެސް ޖެހިދާނެ، ތިހީީކުރާހާ މާތްމީހެއްނޫނޭ ޔޫހާއަކީ” ފައުޒީ އަޑުހަރުކޮށްބުނެލިއެވެ. އެވަގުތު ޒައުލް ފައުޒީގެ ކެބިންގެ ދޮރުހުޅުވާލިތަން ޝާއިން އާއި ފައުޒީއަށްވެސް ފެނުނެވެ.

“ކިހިނެއްމިވަނީ؟” ދެމީހުންގެ މޫނަށް ބަލާލާފައި ޒައުލްބުނެލިއެވެ. ދެމީހުންގެ ލޮލުންވެސް ރުޅިވެރިކަމުގެ އާވިއަރަމުންދިޔަކަން ޒައުލްއަށް އިޙްސާސްކުރެވުނެވެ. ފައުޒީ އެއްވެސް އެއްޗެއްނުބުނެ މަޑުންހުރީ ޒައުލް އެނބުރި އެކެބިންނަށް އައީތީ ލިބުނު ސިހުމާއިއެކުވެސްމެއެވެ.

“ޝާއިން، ވެގެންއުޅޭގޮތެއް ކިޔާދީބަލަ” ޒައުލް ޝާއިންއަށް ބަލާލަމުން ބުނެލިއެވެ.

“ކަމެއްނުވޭ، މިދެން ކުޑަ މިސްއަންޑަސްޓޭންޑިން އެއް ދޯ ޝާއިން، ހިނގާ ކޮފީއަކަށް، ވާހަކަދައްކާލަން” ފައުޒީ ހިނިތުންވެލަން މަސައްކަތްކުރަމުން ބުނެލިއެވެ. އޭނަ ބޭނުންވީ އަވަހަށް ޝާއިން އެތަނުން ނެރުމަށެވެ. އަދި ޒައުލް އާއި ދުރަށް އެވާހަކަތައް ގެންދިއުމެވެ.

“ވާހަކަދައްކާކަށް އަހަރެން ބޭނުމެއްނޫން، ޔޫހާގެ ކޮންމެ ކަމެއްވެސް އަހަރެން ވަރަށް ސީރިއަސްކޮށް ނަގަނީ، އޭނައަށް އުނދަގޫވާކަހަލަ ކަމެއް މީހަކު ކުރާނަމަ އަހަރެން އެކަމެއް ހުއްޓުވަން ނުކުރާނެކަމެއްނޯންނާނެ، ޔޫހާއަކީ މަގޭކޮއްކޮއެއްފަދަ ކުއްޖެކޭ” ޝާއިންގެ ރުޅި މަޑުވާގޮތެއްނުވެއެވެ.

“ޔޫހާ އޭ…ޔޫހާއަށް ކިހިނެއްތަވީ، ޝާއިން ނިކަން ތިވާހަކަ ފެށިގެން ކިޔާދީބަލަ، ވެގެންއުޅޭގޮތެއް އަހަންނަށްވެސް އެނގެންޖެހޭނެއެއްނު” ޒައުލް އެތެރެއަށްވަދެ ކެބިންގެ ދޮރުލައްޕާލަމުން ބުނެލިއެވެ. ޔޫހާގެ ނަންއިވުމުން އޭނަގެ ހިތުގެވިންދުއަވަސްވެއްޖެއެވެ. ނޭގޭ ބިރުވެރިކަމެއް ޒައުލްގެ ހިތަށް ވަދެގެންދިޔައެވެ. ޝާއިން ކަންވީގޮތް ޒައުލްއަށް ކިޔާދިނެވެ. ޔޫހާއަށް ކޮއްފަހުރި މެސެޖުތަކަށް ދަންދެންނެވެ. އެކަން ކުރީ ފައުޒީކަމުގަވެސް އޭނަ ބުންޏެވެ. ޒައުލް އިވުނު އަޑުތަކާއިއެކު އޭނަވެސް ބޭނުންވީ ފައުޒީގެ މޫނުގައި އެތިފަހަރެއް ޖަހަންށެވެ. އެހެންނަމަވެސް ފަޓުލޫނުގެ ދެޖީބަށް ޖަހާލެވިފައިވާ އަތްތިލަ މުއްކަވާލައިގެން އޭނަ ހުރީއެވެ. ރުޅިވެރިކަމުން ފުރިގެންވި ނަޒަރަކުން ޒައުލް ފައުޒީއަށް ބަލާލިއެވެ.

“އަހަރެންކަމެއް ތިހާ ސާފުކޮށް ބުނަން އެނގެނީ ކީއްވެތަ، އެއީ އަހަރެންގެ ނަންބަރެއްވެސް ނޫނޭ” ފައުޒީ ކަންބޮޑުވެފައިވާ ރާގެއްގައި ބުނެލިއެވެ. ކަރަށް މަޅިމެހެމުން އަންނަކަން އޭނައަށް އިޙްސާސްކުރެވުނު ހިނދު މީހާ ދާވެސް ހިތްލަން ފަށައިފިއެވެ. ޒައުލްގެ ނިންމުން ހަރުކަށިވާނެކަން އޭނައަށް މާކުރިންވެސް އެނގެއެވެ. އެހެނީ ޔޫހާ އަކީ ޒައުލްގެ ޚާއްޞަ މީހަކަށްވީތީއެވެ.

“އަހަރެން މީ ކުޑަކުއްޖެއްނޫނޭ، ނޫނީ އަހަރެން ހުރީ ހަމަބުއްދިފިލާ ގޮސްފައެއްނޫނޭ، އިހަށްދުވަހު އަންހެން ކުއްޖެއްލައްވާ ފައުޒީއަށް ގުޅީވެސް އަހަރެންނޭ، ފައުޒީގެ އަޑުކަން އަހަންނަށް ޔަގީންވެސްވީ އެހިސާބުން، ޔޫހާ އަހަރެން ކައިރީ ނުބުނޭ ފައުޒީކަމެއް އުނދަގޫކުރަނީ، އެހެންވިޔަސް އަހަންނަށް އެނގުނު އޭނައަށްވެސް ޝައްކުކުރެވެމުންދިޔައީ ހަމަ ފައުޒީއަށްކަން، ފައުޒީގެ ނަންބަރެއްނޫންވެއްޖެޔާ ދެން އެނގިދާނެއެއްނު” މިހެންބުނެ ޝާއިން އޭނަގެ ޖީބުގައި އޮތް ފޯނުނަގާ ޔޫހާއަށް ޖެއްސުންކުރާ ނަންބަރާ ގުޅާލިއެވެ. ތިންމީހުންނަށްވެސް ބަލާލެވުނީ މޭޒުމަތީގައި އޮތް ފައުޒީގެ ފޯނަށެވެ. ޝާއިންއަށް އެގުޅި ނަންބަރު ރިންގުވާއަޑުއިވެއެވެ. އެހެންނަމަވެސް މޭޒުމަތީއޮތް ފައުޒީގެ ފޯނު ރިންގެއްނުވެއެވެ.

“މިހާރު ޔަގީންވެއްޖެތަ…” ފައުޒީ ބުނެލިއެވެ.

“އެހަށް މަޑުކޮއްބަލަ، މޭޒުގެ ވަތްގަނޑު ހުޅުވަބަލަ، ފޯން ވައިބްރޭޓްވާއަޑެއްނޫންތަ އެއިވެނީ” ޒައުލް މޭޒުގެ ކައިރިއަށް ޖެހި އަޑުއަހަން މަސައްކަތް ކުރަމުން ބުނެލިއެވެ. ފައުޒީއަށް ހުއްޓުން އެރިއެވެ. އެހެންނަމަވެސް ޒައުލްގެ ބަހަށް ކިޔަމަންވުން ނޫންގޮތެއްދެންނެއްކަން އޭނައަށް އެނގުނެވެ. ފައުޒީ ޒައުލްއަށް ބަލަހައްޓައިގެން ހުރިގޮތަށް ހުރުމުން ޒައުލް މޭޒާގާތްވެފައި އެވަތްގަނޑު ހުޅުވަން އުޅުނެވެ. ނަމަވެސް ވަތްގަނޑު ހުޅުވަން މަސައްކަތްކުރިއިރު ހުރީ ތަޅުލާފައެވެ. ޒައުލް ފައުޒީއަށް ބަލާލުމާއިއެކު ޗާބީދީފައިވާ ބުއްދެއްހެން ބަހެއްވެސް ނުބުނެހުރެ ޖީބުން ނެގި ތަޅުދަނޑިފަތި ޒައުލްގެ އަތަށް ދިއްކޮއްލިއެވެ.

“މީ ކޮންއެއްޗެއްތަ” ރުޅިއައިސް ރަތްވެފައި ހުރި ޒައުލް ބާރަށް ފައުޒީގެ ގާތު އަހާލިއެވެ. އޭރު އޭނަ ހުރި ވަތްގަނޑުގައި އޮތް އާދައިގެ މޮޓޮރޯލާފޯނެއް ފައުޒީ އާއި ދިމާލަށް ދިއްކޮއްގެންނެވެ. ފައުޒީ އަނގައިން ނުބުނުމުން ޒައުލް ޒައުލް އެފޯނުގެ ކޯލްލިސްޓާއި އެހެންނިހެން ބައިތަށް ބަލަންފެށިއެވެ. އަދިވަކިން ރުޅިއައި ޔޫހާ ހޮޓެލް ޔުނީފޯމްގައި ހުއްޓައި ނަގާފައިވާ ފޮޓޯތަކެއްފެނިފައެވެ. ޒައުލްގެ ކޮޓަރިއަށް ދަނިކޮށް ނެގިފައިވާ ސީސީޓީވީ ފުޓެޖްއެއްވެސް ފޯނުގައި ސޭވްކޮއްފައި ވިއެވެ. އިރުކޮޅަކު ހުރުމަށްފަހު ޒައުލް އެފޯނުލީ އޭނަގެ ފަޓުލޫނު ޖީބަށެވެ.

“ޝާއިން، އަހަރެން މިކަން ބަލާނަން، ޔަގީންކުރޭ، މީއަހަންނަށް އެނގިގެންވާކަމެއްނޫން، ހީވާގޮތުގަ ތިއައީ ޑިއުޓީ ނިމުނުގޮތަށް، ދެން ދޭ ގެއަށް” ޒައުލް ޝާއިންއަށް ބަލާލަމުން ބުނެލިއެވެ.

ޝާއިންއަށް އިތުރަށް އެއްޗެއް ބުނާކަށްވެސް ނުކެރުނެވެ. ޒައުލްވެސް ހުރީ ވަރަށް ހިތްހަމަނުޖެހިފަކަން ޝާއިންއަށް އެނގުނެވެ. އޭނަ މަޑުމަޑުން ފައުޒީގެ ކެބިންއިން ނުކުތީއެވެ.

“ފައުޒީ އެކަން އެގޮތަށް ކުރީ ކީއްވެކަން އަހަންނަށް މިހާރު އެނގިއްޖެ، ނޭގެނީ ފައުޒީ ފާރަލަންބޭނުންވީ ކާކަށްކަން، އަހަންނަށް ކަމެއް ނޫނީ ޔޫހާއަށްކަމެއް، ފައުޒީ ތިކުރީ ދުވަހަކުވެސް އަހަރެން ފައުޒީގެ ފަރާތުން ފެނިދާނެއޭ ހީވެސް ނުކުރާފަދަ ޢަމަލެއް، ޔޫހާއަކީ ވިޔާނުދާ އުޅުމެއްއުޅޭ އަންހެން ކުއްޖެއްނޫން، މިހޮޓެލްގަވެސް ނޫޅޭނެކަންނޭގެ އޭނަހާ އަޙްލާގު ރަނގަޅު ކުއްޖެއް، ކީއްވެ އެފަދަ ކަމެއް ތިކުރީ، ކޮބާ ބޭނުމަކީ؟ ފައުޒީ ލަދެއްނުގަތްތައް އެކުގައި މަސައްކަތްކުރާ އަންހެން ކުއްޖެއް ކައިރީ އެންމެ ރެއަކަށްވިޔަސް ހެވޭ ތިމަންނަގެ ގާތަށް އައިސްދޭށޭ، ހިތްފުރޭވަރަށް ރުފިޔާދޭނަމޭ ބުނާކަށް…އަހަރެން ފައުޒީއަށް ކުރި އިތުބާރު ތިގެއްލުވާލީ އަމިއްލައަށް، ބޭރުފުށުން ކިތަންމެ ރަނގަޅު ސިފަތަކެއް ފެނުނު ކަމުގައި ވިޔަސް އަހަންނަށް ދެން ގަބޫލުކުރަން ދަތިވާނެ…އަހަރެން ބޭނުމެއްނުވޭ ތިފަދަ މަގާމެއްގައި އަހަންނަށް އިތުބާރު ނުކުރެވޭ މީހަކު ބަހައްޓާކަށް…” ޒައުލް މަސައްކަތްކުރީ ރަސްމީ ސިފައެއްގައި ވާހަކަދައްކާ މައްސަލަ ނިންމާލެވޭތޯއެވެ.

“ޒައުލް، އެއީ އެހެންވީކަމެއްނޫނޭ، އަހަރެންގެ ވަޒީފާ…” ފައުޒީ ކަންބޮޑުވެ ހާސްވެފައި ހުރެ ބުނެލިއެވެ. އަދި އޭނަ ހުރީކުރެވުނު ކަމެއްގެ މޮޔަހީވެ ދެރަވެސްވެފައެވެ. އެކަމުގެ ސަބަބުން އޭނަގެ ވަޒީފާ ގެއްލިދާނެއެކޭ ހިއެއްނުކުރެއެވެ. ޒައުލްގެ ކުރިމަތީ އޭނަގެ ކަރުއެލިގެންދިޔައެވެ.

“ޔޫ މޭ ޕެކްޔޯ ތިންގްސް، އެން ގޯ…ޓަރމިނޭޝަން ލެޓާ އާއި ހަވާލުވުމަށް މާދަމާ ހެނދުނު ނުވައެއް ޖަހާއިރަށް އަހަރެންގެ އޮފީހަށް އާދޭ، އަދި ހަވާލުކުރެވިފައިވާ ހުރިހާ ކަމެއްގެ ތަފްޞީލުވެސް ފެންނާނޭ ގޮތަށް ބަހަައްޓަންވާނެ، ހުރިހާކަމެއް ކުރަންވީ މިހާރު…” މިހެން ބުނެ ޒައުލް އެއްފަރާތަކަށް ގޮނޑިދަމާލަމުން އިށީނެވެ. ފައުޒީއަށް އިތުރު ހާސްކަމެއް ޒައުލްގެ އެހަރަކާތުން ގެނުވިއެވެ. ޒައުލް ބޭނުންވީ ފައުޒީއަށް އެއްވެސް ކަމެއް ސިއްރުން ކުރުމުގެ ފުރުޞަތު ނުދިނުމަށެވެ. ވަޒީފާއިން ވަކިކުރުމުން ހޮޓެލްގެ މުހިއްމު ޑޮކިއުމެންޓެއް އެއްޗެއް ލީކުވިޔަނުދިނުމެވެ.

“ދަރިފުޅު ކީއްވެތަ އެހެންކަހަލަގެ ބިޒްނަސްއެއް ފަށަން ތިހިޔާލު ކުރަނީ، ބައްޕަގެ ބިޒްނަސްވެސް ވަކި ގޯހެއް ނޫނެއްނު، ދެން ރާއްޖޭގެ އެއްވަނައަށް ނުވިޔަސް، ދެވަނައިގަ އެބަ ހިފަހައްޓާ، އަނެއްކާ މިހާރު އެންމެ ފައިސާ ލިބޭ މަސައްކަތްމީ، ދަރިފުޅު ބައްޕައަށް އެހީތެރިވެއްޖެޔާ އަދި މިއަށްވުރެވެސް ކުރިއަށް ދާނެ” އާފާގު އާއި އައްޔަދު ގޭގެ ބިއްދޮށްފަރާތުގައި ހުރި އުނދޯލީގައި ވާހަކައިގައި ތިބެ ބުނެލިއެވެ.

“ބައްޕަ އެއްގޮތަކަށްވެސް ބޭނުންވެ ނުލައްވަންދޯ ބިޒްނަސް ބަދަލުކޮއްލައްވާކަށް، އޯކޭ އަޅުގަނޑަށް، ދުވަސްވީ ކަމަކަށްވީތީ އެކަމަށް ލޯބިވެސް ޖެހޭނެކަން އަޅުގަނޑު ގަބޫލުކުރަން، ބައްޕަގެ ހޮޓެލްތަކާއި ގުޅިގެން އެއްޗެއް ބުނަންޏާ އަޅުގަނޑު ބުނާނީ އަދިވެސް އިމްޕްރޫވް ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް އަޅުގަނޑަށް ފާހަގަވިޔޭ، އަޅުގަނޑި ބައްޕައަށް އެހީތެރިވެ ދެއްވާނަން….” ދެބަފައިންގެ ވާހަކަ ގިނައިރުތަކަކަށް ދެމިގެންދިޔައެވެ.

ކިޔާން ކާމޭޒުކައިރީ ގޮނޑިއެއްގައި ބޭންދުމަށްފަހު ޔޫހާވެސް ގޮނޑިއެއް ކައިރިކޮއްލަމުން އިށީނެވެ. އޭނަ ކިޔާންއަށް ކާންދޭން ތައްޔާރުވީއެވެ.

“ޔޫހާ، ޕްލީޒް ބުނެބަލަ، އަޅެ އެއީ ކާކު ފޮނުވި މާބޮނޑިއެއްތަ، ހާދަ ސަޅިއޭ، ކިޔާންގެ ބައްޕަތަ، އެއީ ކާކުތަ؟ އޭނަ ކޮބާތަ މިހާރު” އަފްލީން ޔޫހާގެ ގާތުގައި އައިސް އިށީންނަމުން ސުވާލުކުރިއެވެ. އޭނަ ޔޫހާ ހޭލިއްސުރެން ކުރަމުން އަންނަ ސުވާލުތަކަކީ އެއީއެވެ. ޔޫހާއަށް ދޭނެ ޖަވާބެއް ނޭގުނެވެ.

“މި އަފޫ ހުއްޓައެއްވެސް ނުލާނެ ކިޔަން ފަށައިފިއެއްޗެއް، މިބުނީނު އެއީ އެއްވެސް މީހެއްނޫނޭ، އެހާ ޚާއްޞަނަމަ އެމާބޮނޑި އަހަރެން އަފޫއަށްދޭނެތަ” ޔޫހާ މަސައްކަތްކުރީ އަފްލީންގެ ވިސްނުން ބަދަލުކޮއްލެވޭތޯއެވެ.

“ހޫމް، ތިވެސް ތެދެއް، އެކަމަކު ޔޫހާ އަހަންނަށް ދީވެސްފާނެކަން އެނގޭ” އަފްލީން ހިނދުކޮޅަކު ވިސްނާލަން އިނދެފައި ބުނެލިއެވެ.

“ކޮބާތަ ޝާއިން، ކޮޓަރިއަށްވަތްގޮތަށް ނުކުންނަ ހިޔާލެއްވެސް ނުކުރި، އަފޫއަކަށް ފާހަގައެއް ނުކުރެވޭތަ މިހާރަކަށް އައިސް ޝާއިން އަބަދުހެން ކޮޓަރީގަ އުޅޭކަމެއް، ކުއްޖަކާ ރައްޓެހިވީ ކަންނޭގެ، ދޯ….” ޔޫހާ މައުލޫބަދަލުކޮއްލިއެވެ. އަފްލީންގެ ސަމާލުކަންވެސް ލިބުނެވެ.

“ދަރިފުޅު މިގަޑީގަ ބޭރަށް ދަނީތަ؟” ސިޓިންރޫމުގައި ޓީވީބަލަން އިން ޒަރާނާއަށް ނުކުންނަން ދިޔަ އައްޔަދުފެނި އަހާލިއެވެ.

“ހޫމް، މަންމާ އަޅުގަނޑު ކަމަކު މިދަނީ، މިރޭ ގެއަށް ނިދާކަށް ނާންނާނަން، އެކަމަކު މަންމައަށް ގުޅާނަން، އަޅުގަނޑު މިދަނީ ހޮޓެލަކަށް، އެތަނުގައި ދެދުވަހު މަޑުކޮއްލަންކަމަށް، ޕާރސަނަލް އެކްސްޕީރިއެންސްއެއް ކޮއްލަން ކަމަށް، ބައްޕަގެ ވިޔަފާރިއަށް އިތުރު ކުރިއެރުމެއް ގެނައުމާއި ދޭތެރޭ ވިސްނާލުމަށް” އައްޔަދު އޭނަގެ ޖިންސުގެ ޖީބަށް އަތްޖަހާލަމުން ހަށިގަނޑު ތެދުކޮއްލާފައި ބުނެލިއެވެ.

“އެކަމަކު…ދުވާލު ދާންވީނު، ރޭގަނޑު ނިދަން ގޭންބޭރަށް ދާކަށް” ޒަރާނާގެ ވާހަކަ މެދުކަނޑާލީ އައްޔަދުއެވެ. އޭނަ ޒަރާނާގެ ގާތަށް އައިސް ކޮނޑުގައި އަތްއަޅުވާލާފައި ވާހަކަދައްކަން ފެށިއެވެ.

“އޯ ކަމޯން މަމް، ކޮންކަމަކާތަ ހާސްވަނީ، އަޅުގަނޑު މީ ކުޑަ ކުއްޖެއްނޫނޭ މިހާރު، މަންމަގެ ފިރިހެން ދަރިފުޅު ބޮޑުވެއްޖެ…ސީ ހައު ހެންޑްސަމް އެންޑް ސްމާޓް އައި އެމް” ޒަރާނާގެ ބޮލުގައި ބޯޖައްސާލާފައި ބުނެލިއެވެ.

“ހޫމް، މަންމައަށް ފެނެޔޭ، އެކަމާވެސް ބިރުގަނޭ، ތިއުމުރުގައި އަންހެން ކުދިންގެ ތޫނު ނަޒަރުތަކުން ސަލާމަތްވެ އުޅުމަކީ އުނދަގޫކަމެއްކަން މަންމައަށް އެނގޭ، ދަރިފުޅު ދިޔަޔަސް އެންމެ ރަނގަޅު، އެކަމަކު ބައްޕަ ގާތު ނަންގަނެލާފައި ނޫނީ ނުދައްޗޭ، ދެން ބުނަން، ވިޔާނުދާ ޢަމަލެއް ނުހިންގައްޗޭ” ޒަރާނާ ދަރިފުޅަށް އިތުބާރުކުރިއެވެ.

“ބައްޕައަށް އެނގިލައްވާނެ އަޅުގަނޑުގެ ޕްލޭން، ދެން މަންމަ ކަންބޮޑުނުވެބަލަ، އަޅުގަނޑު ގޯސްކަމެއް ކުރާކަށް ނޫނޭ ދާން މިއުޅެނީ” އައްޔަދު ބުނެލިއެވެ. އަދި ޒަރާނާއަށް ރޭގަނޑު ބާއްޖަވެރިކަމާއި ރައްކާތެރިކަން އެދެމުން ގޭންނުކުތެވެ.

“ޒައުލް، ކޮއްކޮ ގާތު ވާހަކައެއް ދައްކަންވެގެން” ޒައުލްގެ ކޮޓަރީގައި ޓަކި ޖަހާލުމުން ވަނުމުގެ ހުއްދަދިން ޒައުލްއަށް ލޫލުއާ ބުނެލިއެވެ.

“ބުނެބަލަ” ސިލްކު ހަރުވާޅެއްގައި ހުރި ޒައުލް އެނދުގައި އިށިންނަމުން ލޫލުއާއަށް ބުނެލިއެވެ.

“އީއްކޮގެ ޓެންޝަން ގޭތެރޭގައި ބޮޑުވުމުގެ ސަބަބުން އަދިވެސް ދޮންތަގެ ވާހަކަވަނީ ނުދެއްކިފަ، ބައްޕަ އާއި ބައްދަލުކޮއް ކައިވެނީގެ ވާހަކަ ދައްކަން ހާޒިމް ބޭނުންވޭ، ކޮއްކޮ ބުނެބަލަ އެކަން ކުރަން ރަނގަޅު ވަގުތެއް، ބައްޕަ އޯކޭ ވާނެހެން ހީވޭތަ…އަޅެ ބައްޕަ ގާތު އަހާލަބަލަ، ނޫނީ ކޮއްކޮ ބުނަންވީނު ބައްޕަ ގާތު ހާޒިމްގެ ވާހަކަ” ލޫލުއާ އާދޭހުގެ ރާގެއްގައި ބުނެލިއެވެ.

“ހެ ހެ ހެ…އައި އަންޑަސްޓޭންޑް، އަޅުގަނޑު ތިވާހަކަ ބައްޕައަށް ކުޑަގޮތަކަށް އަންގާލަދެވޭތޯ ބަލާނަން، ކޮބާތަ ހާޒިމް، އީއްކޮގެ ކަންތައްގަނޑަށްފަހު އޭނަގެ ހާލުވެސް އަދި ބަލާނުލެވި މިއުޅެނީ، އަޅުގަނޑު ނިދާލަންކަމަށް މިއުޅެނީ، ދޮންތަ އިތުރުކަމެއްނެތިއްޔާ އެންމެ ރަނގަޅުތޯ” ޒައުލް ބުނެލިއެވެ. ހަގީގަތުގައި އޭނަގެ ލޮލުގައި ނިދީގެ އަސަރެއްނެތެވެ. އޭނަ ބޭނުންވީ އެކަނިވެލާށެވެ. ލޫލުއާވެސް ހިނިތުންވެލާފައި ޒައުލް ނިދުމަށް ފުރުޞަތުދެމުން އެކޮޓަރިން ނުކުތެވެ. ޒައުލް އެނދުގައި ހަށިގަނޑު ދަމާލަމުން މައްޗަށް ބަލަހައްޓައިގެން އޮތެވެ. ފައުޒީ ކުރިކަމެއްގެ ސަބަބުން އޭނަގެ މުޅި މޫޑު ހަރާބުވެފައިވެއެވެ. ޔޫހާ އެންމެ ބޭނުންނުވާ ކަންތައްކަން އެވީ އެނގޭތީވެސް ޒައުލްގެ ހިތުގެ ހަމަޖެހުން ގެއްލިގެންދިޔައެވެ. ޔޫހާ އާއި ބައްދަލުކުރަން އޭނަގެ ހިތްއެދެނީއެވެ. އެހެންނަމަވެސް ބައްދަލުކުރަން ކުރެވޭނެކަމެއްވެސް ނެތެވެ. ފައުޒީގެ ސަބަބުން ޔޫހާ ދެން އޭނަގެ ކޮޓަރިއަކަށްވެސް ނާންނާނެއެވެ. ނުވިތާކަށް މުވައްޒަފުންގެ ކުރިމަތީ ކުރިއަށްވުރެވެސް ދުރުގަކަން ޔޫހާ އުޅޭނީ ޒައުލްއަށް އެނގުނެވެ. ޒައުލް ފޯނުނަގާ ބަލާލިއެވެ. ޔޫހާއަށް ގުޅަން ހިތަށް އަރައިގެންނެވެ.

ޑިއުޓީއަށް ދިޔަ ޔޫހާ ޕާކްވިއު ހޮޓެލްގެ ތެރެއަށް ވަދެގެންދިޔައެވެ. ލޮކަރ ރޫމަށް ވަދެ ހޮޓެލްގެ ޔޫނީ ފޯމް ލައިގެން ނުކުތް ޔޫހާއަށް ލިފްޓަށް ނޭރެނިސް ކައުންޓަރުގައި އިން ކުއްޖާ ގޮވާލިއެވެ.

“ޔޫހާ، ކެން ޔޫ ހެލްޕް ދިސް ޔަންގް މޭން، ހަމަ ދެންމެ އިންވީ…މައްޗަށް ދާއިރު އޭނަގެ ރޫމު ދައްކާލަ ދީބާ” ރިސެޕްޝަން ކައުންޓަރުގައި ހުރި ފަޒީލް ބުނެލިއެވެ. ޔޫހާ ބޯޖަހާލަމުން އެޒުވާނަށް ބަލާލިއެވެ. އަދި އޭނަ އާއިއެކު އައުމަށް އެދުނެވެ. އަދި އޭނަގެ އަތުގައި އޮތް ކޮޓަރި ކީކާޑް ބަލާލިއެވެ. ޔޫހާއަށް ލިފްޓަށް އަރަމުން އެޒުވާނާއަށް ވަރަށް ރަނގަޅަށް ބަލާލިއެވެ. ކޮޕަރ ކުލައަކަށް ދާފަދަ ކުލައެއް ބޮލުގެ އިސްތަށިގަނޑުގައި ޖައްސާފައިވާއިރު ހަމުގެ ކުލަ އައްޔެވެ. އޭނަގެ ގައިގާ ރާއްޖޭން ބޭރު ކުދިންގެ ގައިގާ ހުންނަފަދަ ގޮތެއް ހުރެއެވެ. އަނެއްކޮޅުން ވަރަށް ހައިރާންވާވަރުގެ ކަމަކާވެސް ޔޫހާއަށް ދިމާވިއެވެ. އެހެނީ ޔޫހާއަށް އެޒުވާނާގެ ގައިގާ ކުޑަކޮށްނަމަވެސް ޒައުލް އާއި ވައްތަރުގޮތެއް ހުރިހެން ހީވުމެވެ. ކުއްލިއަކަށް އެއީ ކާކުބާއޭ ހިތަށް އެރިއެވެ.

“ހާއި، އަހަންނަށް ކިޔަނީ އަޔާ، މިތަނުގަ މަސައްކަތްކުރާތާ ވަރަށް ގިނަދުވަސްވެއްޖެތަ” ޒުވާނާ ބުނެލިއެވެ.

“އެކަމަކު ކީކާރޑް އާއިއެކުވާ ޓެގުކޮޅުގަ މިވަނީ އައްޔަދު ޖަހާފަ” ޔޫހާއަށް ހީވީ ރިސެޕްޝަނުގައި އިން ކުއްޖާއަށް އޮޅުނީކަމަށެވެ.

“އައްޔަދު ކިޔަނީ، އެކަމަކު އަހަރެންގެ ރައްޓެހިން ގޮވާ ހަދަނީ އަޔާގެ ނަމުގަ” އައްޔަދު ޔޫހާއަށް ބަލާލަމުން ބުނެލިއެވެ. އެހާ ރީތިކުދިން ފެންނާނެކަމަކަށް އޭނަ ހިއެއްނުކުރެއެވެ. ފުރަތަމަ ފެނިލުމުންވެސް ޔޫހާގެ ރީތިކަމަށް ތައުރީފުކޮއްލެވުނީ އަމިއްލަ ނަފްސާއެވެ. އިތުރަށް އެއަންހެން ކުއްޖާ ދަސްކުރަން އައްޔަދު ބޭނުންވިއެވެ. ޔޫހާގެ ހަގީގަތް އެނގެން ބޭނުންވީއެވެ.

“މްމްމްމް…ޔޫހާ ދޯ ކިޔަނީ” އައްޔަދު ޔޫހާގެ ކުރިމައްޗަށް ގުދުވެލަމުން މޭގައި ޖަހާފައިވާ ނޭމް ޓެގްކޮޅަށް ބަލާލާފައި ބުނެލިއެވެ. ޔޫހާއަށް އައްޔަދުގެ އެހަރަކާތުން ފަހަތަށް ޖެހިލެވުނެވެ. ގިނައިރެއްނުވެ ލިފްޓުވެސް ހުޅުވިގެންދިޔައެވެ. އަވަސް އަވަހަށް ޔޫހާ ނުކުމެ އައްޔަދު ނުކުތުމަށް ތަންދެއްކިއެވެ. ކުރީގައި ހުރެ ޔޫހާ ހިނގަމުން ދިޔައިރު ދިޔަވަޅެއްހާ ދުރުގައި ފަހަތުގައި ހުރެ އައްޔަދު ޔޫހާއަށް ބަލަމުންދިޔައެވެ.

“އެމޭޒިންގ…” އައްޔަދުއަށް ބުނެލެވުނެވެ. އެއާއިއެކު ޔޫހާ ފަހަތަށް ބަލާލިއެވެ.

“އައި މީން ދިސް ހޮޓެލް، މިތިބަ މާވަށިތަކާ، ފާރާ، ކުލަޔާ ހުރިހާ އެއްޗެއްވެސް ހާދަ ސަޅިއޭ ދޯ” އައްޔަދު އަޅައަޅައި ގަންނަމުން ބުނެލިއެވެ. ޔޫހާއަށް އޭނަގެ ސިއްރު ބެއްލުންތައް އެނގުނީއޭ ހިތާއެވެ.

“މީ އައްޔަދުގެ ކޮޓަރި، ހޭވް އަ ގްރޭޓް ނައިޓް” ޔޫހާ އިޙްތިރާމާއިއެކު ބުނެލިއެވެ. އަދި އެނބުރި އައިކޮޅަށް ދިއުމަށް ހިނގައިގަތެވެ.

“ޝުކުރިއްޔާ، އަދި ފެންނާނެ ކަމަށް އުއްމީދުކުރަން، އަހަރެން އިތުރު ދުވަހަކު މިތަނުގައި މަޑުކުރަން” އައްޔަދު ބުނެލިއެވެ. އޭނަގެ ޖެހިލުން ކުޑަކަން ފެނި ޔޫހާ ހައިރާންވިއެވެ.

“ސޮރީ…” ޔޫހާއަށް ބުނެލެވުނެވެ.

“ޑޯންޓް ބީ، އައިއެމް ނޮޓް…” މިހެން ބުނެ ލުއިގޮތަކަށް އައްޔަދު ހީލިއެވެ. ޔޫހާވެސް ރަކިގޮތަކަށް ހީލާފައި ދެފަރާތަށް ބޯހޫރުވާލަމުން ލިފްޓާއި ދިމާލަށް ހިނގައިގަތެވެ.

ދަންވަރު ޑިއުޓީއަކީ ނަގަން އެންމެ ފަސޭހަ އެކަމަކު އެންމެ ލަހުން ވަގުތު ދާ ޑިއުޓީއެވެ. ދަންވަރު ދޭއްޖަހާކަން ހާއިރެވެ. ޔޫހާ ކިޔަންއިން ވާހަކަފޮތުގެ ތެރެއަށް ގެއްލިފައި އިނެވެ. ކައިރީގައި އިން ރިޝްފާ ކޮމްޕިއުޓަރ ސްކްރީނަށް ބަލަހައްޓައިގެން އިނީ ވަރަށް ބިޒީވެފައެވެ. އޭނަގެ އެބިޒީކަން ގުޅިފަވީ ފޭސްބުކް އާއިއެވެ. އެތަނުގައި އެވަގުތު މަޑުކޮއްލައިގެން ހުރި މީހަކަށް މިޒާޖުގެ ތަފާތުކަމާއި އުޅުމުގައި ހުރި ތަފާތުކަން ވަރަށް ރަނގަޅަށް ފެނިގެންދާނެއެވެ. އެއްފައިމައްޗަށް އަނެއްފައި އަރުވާލައިގެން ކުޑަކުޑަކޮށް ގުދުވެލައިގެން އިނދެ ވާހަކަ ކިޔަމުންދިޔައިރު ޔޫހާގެ މޫނުމައްޗަށްވެސް ތަފާތު ކުލަވަރުތައް އަރަމުންދިޔައެވެ. ކިޔަމުންދިޔައީ ލޯބީގެ އަސަރުގަދަ ވާހަކަ އަކަށްވެފައި، ވާހަކައިގަ ބައެއް ބައިތައް ސިފަކޮއްދީފައި ވާއިރު ޔޫހާއަށް އިޙްސާސްކުރެވެނީ އެމަންޒަރުތަކުގައި ވަނީ ހުދު އޭނަކަމެވެ. ލޯބީގައި ނާކާމިޔާބުވެފައިވާ ބަދުނަސީބު އަންހެން ކުއްޖަކީ އޭނަކަމެވެ. ކައުންޓަރުގައި ހުރި ފޯނުގެ ރިންގާއެކު ޔޫހާ އާއި ރިޝްފާވެސް ދިޔައީ ސިއްސައިގެންނެވެ.

“ކާކުބާ ނުނިދިގެން އެއުޅެނީ” ރިޝްފާ އެނބުރިލަމުން ބުނެލިއެވެ. ޔޫހާ އަވަސް އަވަހަށް ފޯނު ނަގާ ވާހަކަދެއްކިއެވެ.

“ޔޫހާ…” ޒުވާންކަމުގެ ޖޯޝާއިއެކު ފިރިހެންވަންތަ އަޑަކުން ގޮވާލިއެވެ.

“ޔެސް، ސްޕީކިންގް”  ޔޫހާ ބުނެލިއެވެ.

“މިއުޅެނީ ނިދިނައިސްގެން” ފޯނުގެ އަނެއްކޮޅުން ވާހަކަދައްކަމުންދިޔަ ޒުވާނާ ބުނެލިއެވެ.

“ކާކުބާ، ތިބޭފުޅާއަށް ގުޅިފަ ތިވަނީ ޕާކްވިއު ހޮޓެލްގެ ރިސެޕްޝަން އާއި” ޔޫހާ ސުވާލުން ފުރިގެންވި ގޮތަކަށް ބުނެލިއެވެ.

“އަހަންނަށް ގުޅިފަ މިހުރީ ހަމަ ބޭނުންވި ތަނަށް، ވާހަކަވެސް މިދެއްކެނީ ހަމަ ވާހަކަދައްކަން ބޭނުންވި ކުއްޖާއާއި….މީ އޮޅުމެއްނޫން، ނިދިނައިމަ ބޭނުންވީ އަހަރެންގެ ކޮޓަރި އާއި ހަމައަށް ގެނެސްދިން ކުއްޖާ އާއި ވާހަކަ ދައްކާލަން، ޕްލީޒް ފޯނު ނުބާއްވައްޗޭ” އެޒުވާނާ ބުނެލިއެވެ. އެއާއިއެކު ޔޫހާއަށް އެއީ ކާކުކަން އެނގުނެވެ.

“މިސްޓަރ އަޔާދު…” ޔޫހާ ހަނދާންކޮއްލާފަދަ ގޮތަކަށް ބުނެލިއެވެ.

“އެހާ އަވަހަށް ހަނދާންނެތުނީތަ؟ ހާދަ ދެރައޭ….އަޔާދުއެއްނޫން، އައްޔަދު، ފަސޭހަކޮއްލާފަ އަޔާގެ ނަމުން ގޮވާލިޔަސް އެންމެ ރަނގަޅު، ތިހެން ތިބޭއިރު ނިންޖެއްނާދޭތަ ޔޫހާ” އައްޔަދު ބުނެލިއެވެ.

“އައްޔަދު، ވަރަށް ބޮޑަށް މާފުކުރައްވާ، ހޮޓެލްގެ ރޫލްސް އެންޑް ރެގިއުލޭޝަންގައި ލިޔެވިފައިނޯވޭ ރޫމްތަކުގައި ތިއްބަވާ ބޭފުޅުންގެ މުނިފޫހި ފިލުވާދޭންޖެހޭނެކަމަށް، މިފޯނަކީ ހޮޓެލްގެ އެކި ރޫމްތަކުން ގުޅާ ފޯނަކަށްވާއިރު އެހާ ގިނައިރު ލައިން ބިޒީވުމަކީ މެނޭޖްމެންޓުން ސުވާލުކުރައްވާނެ ކަމެއް، އިތުރުކަމެއްނެތިއްޔާ ފޯނު ބާއްވާލާނަން” ޔޫހާ މަޑުމައިތިރިކަމާއިއެކު ބުނެލިއެވެ.

“އުނދަގޫ ކުރެވުނީތަ، ސޮރީ ސޮރީ، ވަރަށް ބޮޑަށް ސޮރީ، އެކަމަކު ކީއްކުރާނީ، އަހަންނަކީ މިކަހަލަ ތަންތަނަށް އާދަވެފައިވާ މީހެއްނޫން، ނިދިނައުމަކީވެސް އަހަރެންގެ ކުށެއްނޫން އަދި ޔޫހާގެ ކުށެއްވެސް ނޫން، ދެން އޮތީ ހޮޓެލްގެ ގައިވައިދުތައް ދޯ، ގައިވައިދާ ހިލާފުވާކަށް އަހަންނެއް ނުބުނާނަން…ދެން ފޯނު ބޭއްވުން ނޫން ގޮތެއްނެއް، އެހެންވީމަ ދެން ބޭއްވީ” އައްޔަދުގެ ފޯނު ކެނޑިގެން ދިއުމުން ޔޫހާވެސް ފޯނުގެ އަތްގަނޑު ބާއްވާލިއެވެ.

“ކާކު” ރިޝްފާ އަހާލިއެވެ. ޔޫހާގެ ގާތަށް ކުޑަކޮށް ހިނިއައެވެ. އޭނަ އައްޔަދު އާއި ދިމާވިގޮތް ކިޔާދިނެވެ. އަދި އޭނަގެ ހުރި ސިފަ ރިޝްފާއަށް ކިޔާދެމުންދިޔައެވެ. އަދި އައްޔަދު ގުޅީ ކީއްވެކަންވެސް ރިޝްފާއަށް ބުނެދިނެވެ.

“އެހެންނު ވާނީ، މިހޮޓެލްގަ މިހާރު ޔޫހާ ނޫނީ ރީތި އަންހެން ކުއްޖަކު އުޅޭކަމަކަށްނުވޭވިއްޔަ، ފިރިހެނެއްވެއްޖެއްޔާ ހުންނަނީ ޔޫހާ ބޭނުންވެފަ، މިތަނުގަ އަންހެން ކުދިންނާ އެންމެ ރައްޓެހިކޮށް އުޅުނު ފައުޒީވެސް ބާޒީގައި ނިޝާނެއްކަމުގައި ކަނޑައަޅައި ތީރި ދޫކޮއްލީ ކަމަނާގެ ހިތްލިބޭތޯ ވިއްޔަ، އަހަރެންވެސް އެވާހަކަ އަޑުއެހީމޭ، ފައުޒީ މާބުރެއްހެން ޔޫހާގެ ފަހަތުގައި އެނބުރޭ ވާހަކަ، އޭ….އޭނަ އެކަހަލަ އެއްޗެއް ބުނިތަ” ރިޝްފާ ހިނިއައިސްފައި އަހާލިއެވެ.

“ނޭގެ މަށަކަށް، ތިވާހަކަ ނުދައްކާ އަހަރެން ކައިރީ” ވީފޫއްސެއްގެ ބޮޑުކަމުން ޔޫހާއަށް ބުނެވުނެވެ. އަދި ކުރިން ކިޔަންއިން ވާހަކަފޮތްނަގާ ހުޅުވާލަމުން ގޮނޑީގައި ހަމަޖެހިލިއެވެ. ރިޝްފާވެސް ހީލާފައި ކޮމްޕިއުޓަރާއި ދިމާލަށް އެނބުރުނެވެ. އެވަގުތު އެދިމާލަށް ހިނގާލާފައި އަންނަ ޒުވާނާ ރިޝްފާއަށް ފެނުނެވެ.

“ޔޫހާ…އޭ…ބަލާބަލަ” ސިއްރުސިއްރުން ރިޝްފާ އެޒުވާނާއަށް ބަލަންއިނދެ ބުނެލިއެވެ.

“ރިޝް، މިބުނީނު އެވާހަކަ ދައްކާކަށް ބޭނުމެއްނޫނޭ، ދެން ތި އެފްބީ އިން ފާޑުފާޑުގެ ފޮޓޯ މަށެއް ބަލާކަށް ނޫޅޭން، ވަރަށް އިންޓަރެސްޓިން ހިސާބެއް އަހަރެން މިކިޔަނީ”  ޔޫހާގެ ނަޒަރު ފޮތާ ވަކިކޮއްނުލާ ބުނެލިއެވެ.

“ހެލޯ ލޭޑީސް…” އައްޔަދުގެ އަޑުއިވިފައި އެހެންދިމާލަކަށް ނުބަލަން އިން ޔޫހާއަށްވެސް ބަލާލެވުނެވެ. ގޮތްދޫނުކުރާ ފަދަ މިޒާޖެކެވެ. ކުރަންބޭނުންވާކަމެއް ކުރާނެކަމުގެ ހެކި އައްޔަދުގެ ހަރަކާތްތަކުން އަންގާދެއެވެ. ރިޝްފާ ވަރަށް ވެފަ އަވަސް އަވަހަށް އައްޔަދު އާއި ވާހަކަ ދެއްކިއެވެ. ޔޫހާ އައްޔަދުއަށް ބަލާލާފައި ކުޑަކޮށް ހިނިތުންވެލީއެވެ. އައްޔަދު އެތަނަށް އައީ މުހިއްމު އެއްވެސް ކަމަކު ނޫނެވެ. އޭނަ ބޭނުންވީ ޔޫހާ ދެނެގަތުމަށެވެ. އޭނަ އާއި ވާހަކަ ދައްކާލާނެ ފުރުޞަތެކެވެ. ނުސީދާ ގޮތަށް ޔޫހާއަށް އެކިއެކި ބަސްތައް ރައްދުކުރަމުން އައްޔަދު ދިޔައެވެ. އައްޔަދުގެ ހުންނަ އާދަޔާއި ހިލާފު ސަމާސާ ގޮތް ގަނޑާއި އަންހެން ކުދިންނާއި ވާހަކަދެއްކުމުގައި އޭނަގެ ގެންގުޅޭ އުކުޅުތަކުގެ އަސަރު ޔޫހާއަށްވެސް ކުރިއެވެ. ކުދިކުދި ހީލުންތަކުން ތަންކޮޅެއް ބޮޑަށްވެސް އައްޔަދު އޭނަ ހެއްވާލަން ފަށައިފިއެވެ. ރަޙުމަތްތެރިއެއްގެ ނަޒަރުން އެނުދަންނަ ޒުވާނާ އާއިމެދު ދެކުމުގެ ހުއްދަ ޔޫހާގެ ޒަމީރު ދިނެވެ. އައްޔަދު އެނބުރި އޭނަގެ ކޮޓަރިއަށް ދިޔައީ ފަތިސްވިފަހުންނެވެ. އެހުރިހާއިރު އޭނަ ހުރީ އެކައުންޓަރުގެ މަތީ އަތްއަޅުވާލައިގެން ކޮޅަށެވެ. ކެތްނުވެގެން ޔޫހާއަށް ސުވާލުވެސް ކުރެވުނެވެ. އެހެންނަމަވެސް އޭނަގެ ވާހަކަތަކުން ހުރިހާ ކަމެއް ހަމަޖައްސާލިއެވެ. ކޮންމެ ފަދަ ތަކުލީފެއް އުފުލަން ޖެހުނުކަމުގައިވިޔަސް ރީތި އަންހެން ކުދިންނައްޓަައި އެއީވެސް ކުރަން މަޖުބޫރުކަމެއްކަމުގައި ބުނަމުންނެވެ. ޔޫހާއަށް އައްޔަދުގެ ސަބަބުން ޒައުލްގެ މަތިން މާބޮޑަށް ހަނދާވިއެވެ. ޒައުލްގެވެސް ހުންނަނީ އެފަދަ ގޮތެކެވެ. އެހެންނަމަވެސް އައްޔަދުގެ ފަރާތުން ހިތްހެޔޮކަމާއި ހިތްތިރިކަން ފާޅުވެއެވެ. ޔޫހާއަށް އައްޔަދުގެ ސަމާސާތަކާއި ކިޔާދިން ޖޯކުތައް ވަރަށް ކަމުދިޔައެވެ.

ކޮޓަރިއަށްވަތް އައްޔަދު ކޮރުޖަހަމުންގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. ގިނައިރު ކޮއްޅަށް ހުރުމުގެ ސަބަބުން ފައިވާޅުވުމުގެ އިތުރުން ފައިތިލާގައި ރިހުންއެކުލެވިފައިވިއެވެ. ނިދި އައިސްފައި ހުރުމުން ދެލޮލަށް ބަރުވާގޮތްވިއެވެ. ނިދުނީ އެގޮތަށް އެނދުގައި ބަންޑުންއޮއްވައެވެ. އެހެންނަމަވެސް އޭނަގެ ތުންފަތަށް މައުސޫމުކަމުގެ ހިނިތުންވުމެއްވެރިވެފައިވިއެވެ.

ހެނދުނު ޝިފްޓުގެ ސްޓާފުން އައުމާއިއެކު ދަންވަރު ޑިއުޓީގައި ތިބި ސްޓާފުންތައް ގެއަށް ދިއުމަށް ހޮޓެލުން ނުކުންނަންފެށިއެވެ. ޔޫހާވެސް ގެއަށް ދިއުމަށް ނުކުތެވެ. އެކަނި ހިނގަމުން ދިޔައިރު އޭނަގެ ސިކުނޑިއަށް އައްޔަދުގެ ހިޔާލުވަދެފައިވާވަރު ތުންފަތަށް ވެރިކުރުވާ ހިނިތުންވުން ސާފުކޮށް ބަޔާންކޮއްދެއެވެ. ހީލެވޭ ކޮންމެ ފަހަރަކު ޔޫހާއަށް ދެފަރާތަށް ބަލާލެވެއެވެ. އެއްވެސް މީހެއްގެ ސަމާލުކަމެއް އޭނައަށް ހުއްޓިފައިވޭތޯއެވެ.

ފައުޒީ އާއި ދެމެދު ހިނގި އެއްވެސް ކަމެއް ޝާއިން ޔޫހާއަށް ކިޔައެއްނުދެއެވެ. އެހެނީ އޭނަވެސް އެކަމުގައި ޒައުލް ބައިވެރިވެދާނެކަމަކަށް ހިއެއްނުކުރެއެވެ. އޭނަ ބޭނުންވީ ފައުޒީގެ މޫނުގައި ހޫނު އެތިފަހަރެއް ޖެހުމާއިއެކު އެހުރިހާ ކަމެއް ކުރަމުންދަނީ ފައުޒީކަން އޭނައަށް އެނގިއްޖެކަން އަންގާލުމެވެ. ފަހަރެއްގަވެސް ތަނުގައި އުޅޭ އެހެންމުވައްޒަފެއްގެ ކުރިމަތީ ނޫނީ ޒައުލްގެ ކުރިމަތީ ފައުޒީ ފަޟީޙަތްކުރުމުގެ ގަސްދެއްނެތެވެ. ކަންވެ ނިމިއްޖެއެވެ. ވެނިމުނީ ހީވެސް ނުކުރާފަދަގޮތަކަށެވެ. ފައުޒީގެ ޢަމަލުހުރި ގޮތް ހޮޓެލްގައި މަސައްކަތް ކުރާ ހުރިހާ ސްޓާފުންނަށްހެން ނޭގިއެއް ދެނެއްނުދާނެއެވެ. ޝާއިން އެންމެ ކަންބޮޑުވަނީ ޔޫހާ އާއިމެދުއެވެ. އޭނައަށް އެކަން ހޮޓެލްގެ ސްޓާފެއްގެ ފަރާތުން އެނގުމުގެ ކުރިން ހުދު އޭނަ އެކަމުގެ ވާހަކަ ޔޫހާއަށް ކިޔާދޭން ބޭނުންވެއެވެ.

މަންސޫރަށް ޕާކްވިއުގައި ހިނގާދިޔަ ކަންތައްތައް އަޑުއިވުނީ ހެނދުނުގެ ނާސްތާ ކުރުމުގައެވެ. ބައްޕަ އާއި ހަމައަށް މައްސަލަ ގެންނަން ޒައުލް ޖެހިލުންވެސްވިއެވެ. އެހެންނަމަވެސް ފައުޒީ ފަދަ މުވައްޒަފަކު ވަޒީފާއިން ވަކިކުރިކަން މަންސޫރަށް ނޭގިއެއްވެސް ނުދާނެއެވެ. ލޫލުއާވެސް ހެނދުނުގެ ނާސްތާގައި ބައިވެރިވިއެވެ. އޭނައަށްވެސް ގަބޫލުކުރަން ދަތިވެފައި ޒައުލްއަށް ބަލަހައްޓައިގެން ވަރަށް އިރު އިނދެވުނެވެ.

“މިހާރު މީހުންނަށް ކިހިނެއްތަ ވެފަ މިތިބެނީ، އަޅެ މީ ދޮގެއްތޯ ބައްޕާ، ގައިމު އެފައުޒީއަކީ ޕާކްވިއުގެ އެންމެ ގިނަދުވަސްވީ ސްޓާފެއްނޫންތޯ…” ލޫލުއާ އަށް ބުނެވުނެވެ. މަންސޫރު ލޫލުއާގެ ވާހަކައަށް ބޯޖަހާލަމުން ފިކުރުގެ ތެރެއަށް ގެއްލިފައި ވަގުތުކޮޅަކު އިނެވެ. ޒައުލްއަށް މާރަނގަޅަށް ސައިބޮވޭ ގޮތެއްނުވިއެވެ. އެއަށްވުރެ ޔޫހާގެ ޚަބަރެއް ބަލާލާހިތުން އޭނަގެ ކެތްތެރިކަންވަނީ ކޮޅުންލާފައެވެ. ހިތާ ސިކުނޑީގައިވަނީ ހަމައެންމެ ސުވާލެކެވެ. އެވަރުވީއިރު ޔޫހާ އޭނަގެ ގާތުގައި ނުބުނީ ކީއްވެހެއްޔެވެ. ކުޑަނަމަވެސް އިޝާރާތެއްކޮއްލިނަމަވެސް އޭނައަށް ފުދުނީހެވެ. ޒައުލް ކާމޭޒުކައިރިން ދުރަށް ދިއުމަށްތެދުވި ވަގުތު މަންސޫރުވާހަކަދެއްކިއެވެ.

“ޒައުލް…ދަރިފުޅަށް ފެންނަނީ ކިހިނެއް، ތިކަމާ ވިސްނާލިންތަ ރޭގަ، މިބުނީ ކޮމްޕެނީގެ މުވައްޒަފެއްގެ ގޮތުގައި އެހާ ގިނަދުވަހު މަސައްކަތްކުރި މުވައްޒަފަކު ވަޒީފާއިން ވަކިކުރުން އެއީ ހަމަ އެންމެ ރަނގަޅު ނިންމުންބާއޭ، ދެވަނަ ފުރުޞަތެއް ދޭކަށް ނުފެނޭތަ” މަންސޫރު ބުނެލިއެވެ. މަންސޫރުގެ ހިޔާލާމެދު ފުރަތަމަ ފަހަރަށް ޒައުލް ހިތްހަމަނުޖެހުނެވެ. އެހެންނަމަވެސް އެކަން އޭނަ ފާޅެއްނުކުރިއެވެ. އެހެނީ އޭނައަށް ފައުޒީ ކުރި ކުށަކީ މާފުކުރެވޭވަރުގެ ކުށެއްނޫނެވެ. ޔޫހާ އާއި ދިމާލަށް އެފަދަ ނަޒަރަކުން މީހަކު ބަލާލަންވެސް އޭނަ ބޭނުންނުވަނީއެވެ.

“ބައްޕާ، އިތުރު ފުރުޞަތެއް ދެއްވަން ތިވިސްނަވަނީ ކީއްވެގެންތޯ، އެހާ ދުވަސްވީ މުވައްޒަފަކަށް ފައުޒީވާއިރު އޭނައަށް އެނގެންވާނެ ނޫންތޯ އެފަދަ ކަމެއް ކުރާއިރު އެކުރެވެނީ ކިހާ ވަރެއްގެ ކަމެއްކަން، އެއްވެސް މުވައްޒަފެއް އަނެއްމުވަޒަފެއްގެ ޒާތީ ކަންތައްތަކާއި ބެހި ހަދައިގެން ނުވާނެ، މަސައްކަތްކުރާ މާހައުލަކީ ކޮންމެ މުވައްޒަފަކަށްވެސް މިނިވަންކަމާއިއެކު މަސައްކަތްކުރެވޭކަހަލަ ތަނަކަށްވާންޖެހޭނެ، ފާރަލާ ބަޔަކު ތިބެގެން ނުވާނެ…މިހުރިހާ ކަމެއް ފައުޒީއަށް ވަރަށް ރަނގަޅަށް އެނގޭނެ، އަނެއްކާ އޭނަގެ ޢަމަލުތައް ގޮސްފައިއެވަނީ މާމައްޗަށް…” ޒައުލް ބުނެލިއެވެ. ހިތްހަމަނުޖެހުން ހާމަ ކުރަން ބޭނުންނުވިއެއްކަމަކު މަންސޫރަށް ޒައުލް ބޭނުންވާގޮތް ނަގައިގަނެވުނެވެ.

“ދަރިފުޅަށް ތިޑިޒިޝަން ރަނގަޅުކަމަށް ފެންނަންޔާ ތިގޮތަށް ނިންމާ” މަންސޫރު ބުނެލިއެވެ. ޒައުލް ބޯޖަހާލަމުން އަވަސްވެގަތީ އޭނަގެ ކޮޓަރިއަށް ދިއުމަށެވެ.

“އާފާގު، އައްޔަދުއަށް ގުޅާބަލަ، އެސޮރު ދިޔަތަނެއްވެސް ނުބުންޏޭ، އާފާގުގެ ކަމެއްދޯ އެއީ” ޒަރާނާ ކަންބޮޑުވެފައި ބުނެލިއެވެ. އޭރު އޮފީހަށް ވަދެލާފައި ހެނދުނުގެ ސައިބުއިމަށް ގެއަށް އައިސް ކާމޭޒުކައިރީ އާފާގުއިނެވެ.

“ޒަރާ އުޅުނީ އެސޮރު އަހަރެންގެ ވިޔަފާރީގެ ތެރެއަށް ނުވަދެގެން، މިހާރުވެސް އެސޮރު އެކުރަނީ އަހަރެންގެ ވިޔަފާރީގެ ޕްލޭނެއް، އެއީ އޭނަ އަމިއްލައަށް ނިންމި ނިންމުމެއް، ޒަރާނާ ގާތު އެދިޔައީ ކޮންތާކަށްކަން ބުނެފިނަމަ ނުފޮނުވާނެކަން އަހަންނަށް އެނގޭތީ، އެހެންވެ އެސޮރުގާތު ބުނީ މަންމަ ގާތު ނުބުނާށޭ” އާފާގު ވާހަކަދެއްކިއެވެ.

“ކީއްވެ އަހަރެން އެސޮރަށް މަނާކުރަންވީ، އަނެއްކާ ކޮންކަހަލަ ތަނަކަށް އައްޔަދު ފޮނުވައިގެން އާފާގު ތިއުޅެނީ” ކުރިއަށްވުރެ ޒަރާނާ ހާސްވިއެވެ. އޭނަ ރިހައަޅަމުންދިޔަ ބޯތައްޓަށް އަޅާލި ރިހަސަމްސަލާއިއެކު އާފާގު އާއި ދިމާލަށް އެނބުރެވުނެވެ.

“އެސޮރުވީ ޕާކްވިއު ހޮޓެލްގަ، އެސޮރު އަމިއްލަ ގޮތުން ކުޑަ ރިސާރޗްއެއް ހަދަން ބޭނުންވީ” އާފާގު ބުނެލިއެވެ.

“އެކަމަކު…އެއީ…އެކަމަކު މަންސޫރުގެ ހޮޓަލެއްނު، އެތަނަށް ކީއްވެ އައްޔަދު ފޮނުވީ، އެދެބެން ދިމާވެއްޖެއްޔާ…އާފާގު…ކީއްތިކުރީ” ޒަރާނާ ކުރަންހުރި ކަންތައްވެސް ހަނދާންނެތުނު ކަހަލައެވެ.

“ޒަރާ، އައްޔަދު އެއީ ކުޑަކުއްޖެއްނޫން، އޭނައަށް ހަގީގަތް ކިޔާނުދީ އޭގެ އިތުރުން އެފަދަ ކަންތައްތައް މަނާކުރާނަމަ ސުވާލު އުފެދޭނެ ދޯ، އޭރުން އެމާޒީ އާއި ބެހޭގޮތުން އައްޔަދު ސުވާލު ހިފައިގެން އަހަރުމެންގެ ގާތަށް އަންނަލެއް އަވަސްވާނެ” އާފާގު ބުނެލިއެވެ. ޒަރާނާއަށް އިތުރަށް ބުނާނެ އެއްޗެއް ނޭގުނެވެ.

ޕާކްވިއު ހޮޓެލްގެ ލޮބީއަށް ވަންނަން އައި ފައުޒީގެ ގައިގާ ހޮޓެލްގެ މައުލޫމާތު ހިމެނޭ ލީފްލެޓެއް ބަލަމުން ނުކުތް އައްޔަދު ޖެހުނެވެ. އައްޔަދު މާފަށް އެދުނުއިރު ފައުޒީގެ މޫޑުުހުރީ ގޯސްވެފައެވެ.

“ކާންޓް ޔޫ ސީ…” ފައުޒީ ބުނެލިއެވެ. އޭނަ ހީކުރީ އައްޔަދުފެނިފަ ރާއްޖޭން ބޭރުމީހެއްކަމަށެވެ.

“ސޮރީ، އަހަރެން މާފަށް އެދެފީމު، ތިހާ ރުޅިގަދަވާންވީ ކީއްވެތަ، ނުބައިގޮތަކަށް މޯނިންގް ވީތަ، ހުރިހާ ޙިއްސެއް ސަލާމަތުން ހުއްޓަސް…އެކްސިޑެންޓް ޑޫ ހެޕެން، އަހަރެންވެސް ގަސްދުގަ ޖެހިއެއް ނުގަންނާނެއެއްނު، ޗިލް މޭން…” އައްޔަދު ހަމަޖެހިލާފައި ހުރެ ވާހަކަދެއްކިއެވެ. ފައުޒީ ދެބުމަށް ގޮއްޖަހާލުމަށްފަހު އެތެރެއަށް ވަދެގެން ދިޔައެވެ.

“އަހަރެންގެ މޫޑު ހަރާބުވުން ނޫންކަމެއް މިއަދު ނުވާނެ، އަހަރެން ވަޒީފާއިން ބޭރުކޮއްލާފައި ގާތްކުރާވަރު އަންހެނެއްނޫން ޔޫހާއަކީ، ރީތި ސިފައަކާއި ބައްޓަންހުރި ހަށިގަނޑެއް ލިބުނީމަ އޭގެ ބޭނުން އެހިފަނީ ވަރަށް ރީތިކޮށެއްނު، މަކަރުވެރި އަންހެނެއް އެޔޫހާއަކީ، އެންމެ ފުރަތަމަވެސް އެއަތުއަޅުވާލީ ތަނުގެ ވެރިޔާވިއްޔަ…ކިހާ ވަރަކުން ދާނެބާ، މާލެން ގޯއްޗަކާ، ނަންމަތީގައި ދެތިން ޔޮޓާ، ލައްކައިން ރުފިޔާ ޖަމާވާ އެކައުންޓަކާ ހުޅުވާލާފަ ނޫނީ ޒައުލްއާއި ދުރަކަށް ނުދާނެކަންނޭގެ، ވިޔަފާރި ބަނގުރޫޓުކޮއްލީމަ ހުންނާނީ ރަނގަޅަށް ޔޫހާގެ ފަރާތުން ހޫނުބޮނޑިއެޅިފަ” ލިފްޓަށް ވަދެހުރެ އަމިއްލަ ނަފްސާ ފައުޒީ ވާހަކަދެއްކިއެވެ. ހޮޓެލްގެ ޔުނީފޯމްގައި ނޫން ގޮތަކަށް ފައުޒީ ފެނުމުން ވަރަށް ގިނަ މުވައްޒަފުން ތިބީ ހައިރާންވެފައެވެ. އަދި ވާނުވާ އޮޅުންފިލުވުމަށް ބޭނުންވެފައެވެ.

ޒައުލްގެ އޮފީހާއި ދިމާލަށް ދިޔަ ފައުޒީ ފެނުމުން ސުޕަރވައިޒަރަކަށް އުޅޭ އަނީޒް ގޮވާލިއެވެ. އެހެންނަމަވެސް އަޑުނީވޭކަމަށް ހަދާފައި ފައުޒީކުރިއަށް ދިޔައެވެ.

“އޭ ފައުޒީ، ކިހިނެއްވެފަ ތިހުރީ، އާދައިގެ އެއްޗެހީގަ އޮފީހަށް ތިނުކުތީ ޗުއްޓީ ނެގީތަ، އަންގާވެސް ނުލަމެއްނު، ހެނދު ހެނދުނާ ކޮފީއެއް ބޯލަން ދަމުން ފައުޒީގެ ކެބިންނާ ގާތްކޮއްލީމޭ” ކުޑަކޮށް ދުވެލާފައި އައިސް ފުރަގަހުން ފައުޒީގެ ކޮނޑުގައި އަތްލި އަނީޒް ބުނެލިއެވެ.

“މިހާރަކު ނޫން….މިހާރު މިދަނީ ވަރަށް އަވަހަށް ދާންވެގެން” ފައުޒީބުނެލިއެވެ. އަނީޒް ހައިރާންވެފައި ބަލަހައްޓައިގެން ހުއްޓަ ފައުޒީ އަވަސް ހިނގުމުގައި އެދިޔަގޮތަށް ގޮސް ޒައުލްގެ ކެބިންއަށް ވަދެއްޖެއެވެ. ހަމައެއްގޮތަކަށްވެސް އެވީގޮތެއް އަނީޒްއަކަށް ނޭގުނެވެ.

“ވަދޭ އެތެރެއަށް” ދޮރަށް ފުރަގަސް ދީގެން މޭޒުގެ ކައިރީ ކޮޅަށްހުރި ޒައުލްބުނެލިއެވެ. އޭނައަށް ފައުޒީގެ އަޑުޖެހުމާއިއެކު އެނގިއްޖެއެވެ. މޭޒުމަތީގައި ތައްޔާރުކޮއްފައިވާ ސިޓީއުރަ އަވަސް އަވަހަށް ނަގާ ދިއްކޮއްލިއެވެ.

“ޒައުލް، އަހަންނަށް ދެވަނަ ފުރުޞަތެއްދީ، އަހަރެންގެ ފަރާތުން އެކަހަލަކަމެއް ދެން ނުވާނެ، އާދޭސްކޮއްފަ މިބުނީ، އަދި އެންމެ ފުރުޞަތެއްދީ” ފައުޒީ އެތެރެއަށްވަތްގޮތަށް އާދޭސްކުރަން ފެށިއެވެ.

“މިއޮތީ ސިޓީ، ރަނގަޅީ އަވަހަށް މިހިފައިގެން މަގޭކުރިމަތިން ދިއުން، ފައުޒީ ނޫން އެހެންމީހަކު ނަމަވެސް އަހަރެން ކަންތައްކުރާނީ މިގޮތަށް، އެމީހަކަށް ދެވަނަ ފުރުޞަދެއް ނުދޭނަން، ދުވަހަކުވެސް ނުދޭނަން……” ޒައުލް ރުޅިއައިސްފައި ބުނެލިއެވެ.

“ޔޫހާ….” ފައުޒީ ޔޫހާއޭ ކިޔައިގެން އެއްޗެއް ބުނަން އުޅުނުވަގުތު ޒައުލްއޭނަ ހުއްޓުވިއެވެ.

“ހަބަރުދާރު، އަހަރެންގެ އަތުންފައިން ގޯހެއްނުހެދެނިސް ދެން ދޭ، ކަލޭގެ އަނގައިން ޔޫހާގެ ނަންވެސް ކިޔައިގެންނުވާނެ” ޒައުލްގެ ރުޅި ކޮންޓްރޯލު ކުރަމުން ބުނެލިއެވެ. ޒައުލް ދިއްކޮއްގެން ހުރި ސިޓީއުރަ ދަމައިގަންނަމުން ފައުޒީ އެތަނުން ނުކުތެވެ. ޒައުލްވެސް އޭނަގެ ފަހަތުން ނުކުތެވެ. ފައުޒީ ނުކުމެގެންދިޔަތަން ބަލަންހުރެފައި އޭނަ ޖަމާލްއަށް ގުޅިއެވެ.

“ޔޫހާ މެންގެއަށް” ކާރަށް އެރުމާއިއެކު ޒައުލް ބުނެލިއެވެ. ޖަމާލު އިތުރުއެއްޗެއް ނުބުނެ އަވަހަށް ކާރުދުއްވާލިއެވެ. އެކިމަގުތަކުން ޓްރެފިކް ލައިޓުގައި ޖެހެމުން ކާރު ޔޫހާމެންގޭ ދޮރުމައްޗަށް އައިސް މަޑުކޮއްލުމާއިއެކު ޒައުލް ކާރުން ފައިބައިފިއެވެ. އަދި ޔޫހާމެންގޭ ދޮރާށި ހުޅުވާލާފައި އެގެއަށްވަނެވެ. އޭރު މުޅި ގޭތެރެއަށްވަނީ ހަމަހިމޭންކަންވެރިފައެވެ. ސިޓިންރޫމުގެ ދޮރުވެސް ހުރީ ލައްޕާފައެވެ. ޒައުލް ވަގުތުން ދޮރުގައި ޓަކިޖަހާލިއެވެ. އެއަޑާއިއެކު ސައިތައްޓެއް ހަދައިގެން ޓޯސްޓުކޮއްފައިވާ ޕާން ފޮއްޗަކާއިއެކު ސައިބޯން އިން ޔޫހާ ތެދުވިއެވެ. އޭނަ އައިސް ދޮރުހުޅުވާލުމާއިއެކު ހުއްޓުންއެރިއެވެ.

“ޔޫހާ…” ޒައުލް ހުއްދައަކާއިނުލާ އެތެރެއަށްވަނެވެ. ބަހެއްވެސް ބުނަން ނޭގިފައި ހުރި ޔޫހާ މަޑުމަޑުން ދޮރުލައްޕާލިއެވެ.

“ކީއްވެ އަހަރެން ކައިރީ ނުބުނީ” ޒައުލް ސުވާލުކުރިއެވެ.

” ކީއްކުރަން ތިއައީ؟” ޔޫހާ ސުވާލުކުރިއެވެ.

“އަހަރެން އައުމުން ކޮބާތަ މައްސަލައަކީ….ދެން ބުނެބަލަ، ފައުޒީގެ ވާހަކަ އަހަރެން ކައިރީ ނުބުނީ ކީއްވެތަ” ޒައުލް އަނެއްކާވެސް އެހިއެވެ.

“ފައުޒީ އޭ….އޭނަގެ ކޮންވާހަކައެއް” ޔޫހާ ހާސްވެފައި އަހާލިއެވެ.

“އަހަންނަށް ހުރިހާކަމެއްވެސް އެނގިއްޖެ، ފައުޒީ ޔޫހާއަށް އުނދަގޫ ކުރާކަން، އޭނަގެ ކައިރިއަށް ޔޫހާ ގެންދަންބޭނުންވާކަން، އަދި މިކަން ފެށުނީ ޔޫހާ އަހަރެންގެ ކޮޓަރިއަށް އައިތަން ފެނިގެންކަންވެސް” ޒައުލް ޔޫހާގެ މުލައްދަނޑީގައި ހިފާގާތްކޮއްލަމުން ބުނެލިއެވެ. ޔޫހާ އެއްޗެއް ނުބުނެ އިސްޖަހާލައިގެން ހުރީއެވެ. ހިމޭންކަމުގެތެރެއިން ޒައުލްގެ އަވަސްވެފައިވާ ހިތްވެސް ހަމައަކަށް އެޅެމުންދިޔައެވެ. އޭނައަށް ޔޫހާގެ އަނެއްއަތުގައިވެސް ހިފާލެވިއްޖެއެވެ. ބޭނުންވީ ޔޫހާ ގާތްކޮއްލާ އެމޭގައި ޖައްސާލުމަށެވެ. އެހެންނަމަވެސް އެހިސާބަށް ގާތެއްނުވިއެވެ. ޔޫހާ އަތްފޮޅުވާލާފައި ޒައުލް އާއި ދުރަށް ޖެހިލިއެވެ.

“ކީއްވެ ދުރަށް ދިޔައީ” ޒައުލް މަޑުމަޑުން ބުނެލިއެވެ.

“ފައުޒީވެސް ދެކެނީ ހަމަ ތިގޮތަށް…” ޔޫހާ މެޔާދިމާލުން ދެއަތްހުރަސްކޮއްލާފައި ބުނެލިއެވެ. ޒައުލްއަށް ހީވީ އޭނަގެ މޫނުމަތީ މީހަކު އެތިފަހަރެއްޖެހިހެންނެވެ.

“ކީކޭ…ފައުޒީއޭ، އޭނަ އާއި އަހަންނާ އެއްވަރުކުރީ ކީއްވެ، އަހަރެން މިއުޅެނީ ގަދަކަމުން ޔޫހާގެ ގަޔަށްއަރަންތަ؟ އަހަރެން އެކަހަލަކަމެއް ދުވަހަކުވެސް ކުރިންތަ…” ޒައުލްގެ މަޑުމައިތިރިކަން ކުއްލިއަކަށް ބަދަލުވެގެންދިޔައެވެ.

“ދެން އެހެން ކޮންކަމެއް ޒައުލް ބޭނުންވާނީ، އެހެންވެތާ ތިއެހީ ކީއްވެހޭ ދުރަށްދިޔައީ” ޔޫހާ ދެބުމަގުޅުވާލަމުން ބުނެލިއެވެ.

“އަހަރެން އެހެންއުޅެން ބޭނުންނަމަ ކިތައްމެ އަންހެންކުދިންނެއް އަހަންނަށްވާނެ، ކޮންމެ ގަޑިއިރަކަށް ގެންގުޅޭނެ މީހުންވެސް ވާނެ، ކަމެއްވެގެންނު އަހަރެން…” ޒައުލް ރުޅިއައިސްގެން ހުރެ ވާހަކަދައްކަމުންގޮސް ހުއްޓާލިއެވެ. އަދި ޔޫހާއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ބާރަށް ހޭންފެށިއެވެ. ޔޫހާ ހައިރާންވެފައި ޒައުލްއަށް ބަލާލިއެވެ.

“މޮޔަވީތަ” ޔޫހާ އަހާލިއެވެ. އެހެންބުނުމުންވެސް ޒައުލްގެ ހުނުންވީ ގަދައެވެ.

“އަހަރެން ރުޅިއަރުވަން ދޯ ތިއުޅެނީ…ކީއްތިކުރަނީ، އެކަނި ދޯ ތިއުޅެނީ، ކޮބާ ކިޔާން، މިއަދު ހިލަމެއްވެސް ނުވޭ” ހުނުން ހުއްޓާލުމަށްފަހު ކުރީގެ މަޑުމައިތިރިގޮތަށް އަޑުބަދަލުކޮއްލުމާއިއެކު ޒައުލް ބުނެލިއެވެ.

“އިތުރުކަމެއްނެތިއްޔާ ދެން ދާންވީނު ދޯ” ޔޫހާ ހައިރާންވެފައިހުރެ ބުނެލިއެވެ.

“އަހަރެން ދާންބޭނުންވީމަ ދާނަން، އެކަމަކު އަދިއެއްނޫން…ދެންބުނެބަލަ، ކީއްތަތިކުރަނީ” ޒައުލް ބުނެލިއެވެ.

“ސައިބޮނީ” ނުބުނަން ހިތައްއަރާފަވެސް ޔޫހާ ބުނެލިއެވެ. އެއާއިއެކު ޒައުލް އަނެއްކާވެސް ޔޫހާގެ ގާތަށް ދިޔައެވެ.

“އަހަންނާ އެއްފަހަރުވެސް ރީތިކޮށް ވާހަކަދައްކާލަ ބަލަ، ވާހަކައެއް ބުނަންތަ…ވަރަށް ހިތަށް އަރާ އަހަންނާ އެންމެ ފުރަތަމަ ދިމާވި ޔޫހާ ލިބޭނެނަމައޭ، އަހަރެން އެޔޫހާ ބޭނުން، މިފަހަރު އަހަރެން އޭނަ ދުލެއްނުކުރާނަން” ޒައުލް ބުނެލިއެވެ.

“ބޭނުންވިޔަސް ނުލިބޭނެ، އެޔޫހާ މިހާރަކުނެއް، ހާލަތުބަދަލުވެއްޖެ” ޔޫހާ މަޑުމަޑުންބުނެލިއެވެ. އަދި އޭނަގެ ކުރިމަތީހުރި ޒައުލްއަށް ބަލާލިއެވެ.

“ޔޫހާ، އަހަރެން ޔޫހާ ބޭނުން، އިއްޔެއެވީ ކަންތަކުން އަހަރެންގެ ހިތަށްވަރަށް ތަދުވި، އެހެންމީހަކު ޔޫހާ އާއި ދޭތެރޭ އެފަދަ ދަށުދަރަޖައަކުން ދެކުމީ އަހަންނަށް ކެއްވާވަރުގެ ކަމެއްނޫން، ޕްލީޒް، އަހަރެން ބޭނުން ޔޫހާ، އަހަރެން ކިޔާންވެސް ބޭނުން، އަހަންނާ…އަހަންނާ ކައިވެނި ކުރަންވީނު” ޒައުލް ޔޫހާގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ބުނެލިއެވެ. އިހްތިޔާރަކާއި ނުލާވިޔަސް އެލަފްޒުތައް ނިކުތީ އޭނަގެ ހިތުގެ އަޑިންނެވެ. ޔޫހާ ޒައުލް ކޮއްޕާ ދުރަށްލާކަށް ނޫޅުނެވެ. އެއަށްވުރެ އޭނަގެ ހިތަށްކޮއްފައިވާ އަސަރުމާބޮޑެވެ. “ކައިވެނި” އެލަފްޒަށް އޭނަ އިންތިޒާރުކުރާކަމެއް އެކަކަށްވެސް ނޭގޭނެއެވެ. އެވެސް ޒައުލްގެ ފަރާތުންނެވެ. އެއްޗެއްބުނަން އަނގަހުޅުވާލާފަވެސް ޔޫހާއަށް ފަސްޖެހެވުނެވެ. އޭނަގެ ޒަމީރު ކަމެއް ހަނދާންކޮއްދިންކަހަލައެވެ. ޒައުލްއަކީ ކިހާވަރެއްގެ ކާކުކަމެވެ. އޭނަގެ އާއިލާއެވެ. އޭނަގެ ނަމެވެ. އޭނަގެ މަގާމެވެ. ޒައުލް އާއި އޭނަ އާއި ދެމެދުވާ ފަރަގުގެ ބޮޑުކަމެވެ. ޒައުލްގެ އަތުގެތެރޭ އިސްޖެހިގެން ޔޫހާ ދިޔައެވެ.

“މިހާރު އަހަންނަށް ޖަވާބެއް ނުދިނަސް އެންމެ ރަނގަޅު އެކަމަކު ތިގޮތަށް އަހަންނާ ދުރުވެގަންނަން ނޫޅެބަލަ، އަހަރެން ލޯބިވޭ ބުނާއަޑުއަހަންތަ ބޭނުންވަނީ، ޔެސް އައި ލަވް ޔޫ، އައި ލަވް ޔޫ ވެރީ މަޗް، ވަރަށް ލޯބިވޭ…ތިނޫން އަންހެން ކުއްޖެއް އަހަރެންގެ ދިރިއުޅުމަށް އޭރުވެސް ނުގެންނަން ދެންވެސް ގެންނާކަށް ބޭނުމެއްނޫން، އާ ޔޫހާ، ގަބޫލުކުރޭ އަހަންނަށް ނޭގުނަސް އަހަރެންގެ ހިތަށް އެނގޭ ޔޫހާތީ އަހަރެންގެ ލޯބިކަން، އެފަދަ ގުޅުމެއް ދުވަހަކުވެސް އަހަރެން ޔޫހާ ނޫން އަންހެނަކާއިއެކު ހިންގާފައެއް ނޯންނާނެ، ގަބޫލުކުރޭ…އަހަންނަށް ކިޔާންގެ ބައްޕައަކަށް ވުމުގެ ފުރުޞަތުދީ، އަހަރެން ޝާއިންއަށް ހުރިހާ ވާހަކައެއް ކިޔާދޭނަން، އަހަންނަށް އެނގޭ ޔޫހާ އާއި ދޭތެރޭ ޝާއިންގެ ހިތް ސާފުކަން….އަދި އަހަންނަށް ކުރެވުނީ ކުއްހީއެއްކަން” ޒައުލް ކުރިއަށްވުރެވެސް ޔޫހާ ގާތްކޮއްލިއެވެ.

“މަންމީ….” ލޯއުނގުޅަމުން ކޮޓަރިން ނުކުތް ކިޔާންގެ އަޑުއިވުނެވެ. ޔޫހާއަށް ތެޅިގަނެފައި ޒައުލްގެ އަތުގެތެރެއިން ދެމިގަންނަން މަސައްކަތްކުރިއެވެ. ޒައުލްވެސް ޔޫހާ ހިފަހައްޓާކަށް ނޫޅުނެވެ.

“ކިޔާން…” ޒައުލް ކިޔާން ހުރި ދިމާލަށް އެނބުރިލަމުން ގޮވާލިއެވެ. ކިޔާންގެ ކުރިމައްޗަށްވާގޮތަށް ހުރި ބޮޑު ފިރިހެނާއި ދިމާލަށް އޭނަ ބަލާލިއެވެ.

“ކޮއްކޮގެ ޑެޑީ…ޕްރެޒެންޓު ގެނައިންތަ” ކުއްލިއަކަށް ވަރަށް ހިނިއައިސްފައި ކިޔާން ޒައުލް އާއި ދިމާލަށް ބުނެލިއެވެ. އަދި ޒައުލް އަތްދިއްކޮއްލުމާއިއެކު ދުވެފައި ޒައުލްގެ އަތުގެތެރެއަށް ދިޔައެވެ. ޒައުލް ކިޔާން އުފުލާލީ ލުއިލުއި ފަތެއްހެންނެވެ. ލޯތްބާއިއެކު އުރާލާފައި ޒައުލް ޔޫހާއަށް އަވަސް ނަޒަރެއްދިނެވެ.

“ޑެޑީގެ ދަރިފުޅު ގޮވައިގެންގޮސް ދެން ޕްރެޒެންޓް ގަންނާނީ ދޯ، ޑެޑީ އާއިއެކު ދާނަންތަ” ޒައުލް ކިޔާންއަށް ބަލާލަމުން ބުނެލިއެވެ. ޔޫހާގެ ހިތަށް ހަމަޖެހުމަށްވުރެ ތަދުވީއެވެ. އޭނައަށް ފެންނަމުންދާ ކަންތައްތަކަކީ ވަގުތީ އުފަލަކަށްވެދާނެއޭ ހިތަށް އަރާވަރުންނެވެ. އެއްހޮރަކުން ދެވަނަ ފަހަރަށްވެސް ކަށިޖަހާފާނެއޭ ހިތަށްއަރަނީ ޒައުލްގެ ގޮތް ޔޫހާއަށް ނޭގޭތީއެވެ. ޒައުލްގެ ވާހަކަތައް ގަބޫލުކުރަން އޭނަ ބިރުގަންނަނީއެވެ. އެކަމަކު އޭނަގެ ހިތަށްވެސް ކިޔާން އޭނަގެ ބައްޕައަށް ދީފައިވާ މަގާމުފެނުމުން އަސަރުކުރިއެވެ. ނުރޯންހުރިއެއްކަމަކު ދެލޮލުން ކަރުނަފާއްދާލިއެވެ. އަވަސް އަވަހަށް ދެލޯ ފޮހެލަމުން ޒައުލްއަށް ފުރަގަސްދިނެއްކަމަކު އެމަންޒަރު ޒައުލްއަށް ފެނުނެވެ. ޔޫހާ އެތެރެއަށް ހިނގައިގަތީ އޭނަ ރޯކަން ޒައުލްއަށް ނޭންގުމަށެވެ. ނަމަވެސް ޒައުލް ޔޫހާގެ ފަހަތުން ދިޔައެވެ.

ކާމޭޒުމަތީގައި ހުރި ސައިތަށިހުރީ ހިހޫވެފައިކަން ޔޫހާއަށް އެނގެއެވެ. އޭނަ ސައިތަށިނަގާ ސިންކަށް އޮއްސާލިއެވެ. އަދި ސިންކުގެ ކައިރީ މަޑުކޮއްލައިގެން ހުއްޓެވެ. އޭރު ހިފެހެއްޓުމެއްނެތި އޭނަގެ ލޮލުން ކަރުނަފައިބަމުންދިޔައެވެ. ނޭފަތް އެތެރެއަށް ދަމާލެވުނީ ގަސްދުގައެއްނޫނެވެ. އެއާއިއެކު ޒައުލްއަށް ޔުހާ އަދިވެސް ރޮނީކަން ޔަގީންވިއެވެ. ޔޫހާ އަވަސްއަވަހަސް ސިންކުގެ އިސްކުރު ދޫކޮއްލިއެވެ. ޒައުލް ކިޔާން ކާމޭޒުގެ ގޮނޑިއެއްގައި ބޭންދުމަށްފަހު ޔޫހާގެ ގާތަށް ދިޔައެވެ. ފުރަގަހުން ޔޫހާގެ ކޮނޑުގައި އޭނަ ހިފަހައްޓާލިއެވެ. ދެން ނުރޯށޭ އޭނަގެ ހަރަކާތުން ބުނާކަހަލައެވެ. ޔޫހާ ސިންކުގެ އިސްކުރުން ފައިބަމުންދިޔަ ފެނުން މޫނުދޮންނަން ފެށިއެވެ. އެތަށްފަހަރަކު އަތްގޮށިން މޫނަށް ފެންޖެހިއެވެ. އެންމެ ފަހުން ޒައުން ޔޫހާގެ ގައިގާ ފުރަގަހުން ބައްދާލަމުން ޔޫހާގެ އަތުގައި ހިފެހެއްޓިއެވެ.

“ދެޓްސް އިނަފް…ސްޓޮޕްއިޓް” މިހެން ބުނެ ޒައުލް ޔޫހާގެ ބޮލުގައި ބޮސްދިނެވެ. އަދި ސިންކުގެ އިސްކުރު ބާރުކޮއްލިއެވެ. ޒައުލް އިރުކޮޅަކު ޔޫހާގެ ގައިގާ އެގޮތަށް ހިފަހައްޓާލައިގެން ހުއްޓެވެ. ޔޫހާ ހަމައަކަށް އެޅެންދެންނެވެ. އޭނަ އިތުރަށް އެންމެ ދުވަހެއްވެސް ނަގާލާކަށް ބޭނުމެއްނޫނެވެ. ބޭނުންވަނީ މިހާރުން މިހާރަށްވާނަމަވެސް ޔޫހާ އާއި ކައިވެނިކުރާށެވެ. ދެންވާނެ ގޮތަކާއިމެދު ވިސްނާކަށް އޭނަ ބޭނުމެއްނޫނެވެ. އެކަމަކު އަދިވެސް ޔޫހާ ވަކިޖަވާބެއް އޭނައަކަށް ނުދެއެވެ.

“ކޮއްކޮ ބަނޑުހައިވެއްޖެ” ކިޔާން ބުނެލިއެވެ.

“ދަރިފުޅުގެ ބުއްތަށި މިހާރު މި ހަދަނީ، ފައިވްމިނިޓްސް…ދަރިފުޅު ފައިވްމިނިްޓްސް” އާދައިގެ މަތިން ބުނާފަދަ ގޮތަކަށް ޔޫހާ ބުނެލިއެވެ. އެހެންނަމަވެސް ރޮވުމުގެ ސަބަބުން އޭނަގެ އަޑު ކުޑަކޮށް ބަދަލުވެފައިވެއެވެ. ޒައުލްވެސް ޔޫހާ އާއި ދުރަށް ޖެހިލަމުން ކާމޭޒުގެ ގޮނޑިއެއް ދަމާލަމުން އިށީނެވެ. އޭނަ ޔޫހާގެ ހަރަކާތްތަކަށް ބަލަންއިން އިރު ކިޔާން ހުއްޓާނުލާ އޭނަ އާއި ވާހަކަދައްކަމުންދިޔައެވެ. މިއަދު އެގޭތެރެއަށް ކޮންމެ މީހަކު ވަދެގެން އައިކަމުގައިވިޔަސް ޒައުލްއަށް ހެވެ. މިއަދު އޭނަ އެއްވެސް ކަމެއް ސިއްރުކުރާކަށް ބޭނުމެއްނޫނެވެ. ވީއިރު ޔޫހާ ފަސްޖެހެނީ ކީއްވެހެއްޔެވެ. ޒައުލްގެ ހުރިހާ އުފަލެއް ގުޅިފައިވަނީ ޔޫހާ އާއިކަން މިއަދު އޭނަ ބުނެދީފިއެވެ. ދެން އިތުރަށް ޔަގީންކުރަން ޔޫހާ ބޭނުންވަނީ ކޮންކަމެއްބާއެވެ.

ޔޫހާގެ ހަރަކާތްތަކަށް ޝައުގުވެރިކަމާއިއެކު ޒައުލް ބަލަމުން ދާކަން ޔޫހާއަށްވެސް ފާހަގަކުރެވުނެވެ. ކައިރީގައި އިން ކިޔާން ނަގާ އޭނަގެ ފައިމަތީ ބައިންދާލިކަންވެސް ޔޫހާއަށް އެނގެއެވެ. މައިލޯތައްޓެއް ހިފައިގެން އައިސް މޭޒުމަތީ ތަށިބަހައްޓާލަމުން ކިޔާން އުރާލަން ޔޫހާ އުޅުނެވެ.

“އަހަރެން ކައިރީ އިނަސް ތިތަށި ކިޔާންއަށް ދެވިދާނެއެއްނު” ޒައުލް ޔޫހާއަށް ބުނެލިއެވެ.

“ޒައުލްގެ ގަޔަށް މީގެން ތިއްކެއްވެއްޓިދާނެ” ޔޫހާ މިހެން ބުނެލިއިރު ޒައުލްއާއި ލޯއަމާޒުނުކޮށްވޭތޯ މަސައްކަތްކުރިއެވެ.

“ރަނގަޅުވާނެ، އަހަރެންގެ އަތަށް ދީބަލަ” ޒައުލް އޭނަގެ ގޮތްދޫނުކުރާ ގޮތްދައްކާލާފަދަ ގޮތަކަށް ބުނެލިއެވެ. ޔޫހާ މަޑުމަޑުން މޭޒުމަތީ ހުރި މައިލޯތަށި ނަގާ ޒައުލްގެ އަތަށް ދިނެވެ.

“ތިހެން އުޅެފަ ޒައުލް ކިޔާން އާއި ދުރުވެއްޖެއްޔާ އަހަރެން އެކުއްޖާއަށް ދޭނީ ކޮންޖަވާބެއް” ޔޫހާ އިރުކޮޅަކު ޒައުލް ކިޔާންއަށް މައިލޯތަށިދޭން އުޅުނު މަންޒަރު ބަލަންހުރެފަ ބުނެލިއެވެ.

“އަހަރެން ޔޫހާއަށް އޮޅުވާލާކަށް ނޫޅެމޭ، އަހަރެން ކައިވެނީގެ ވާހަކަދެއްކީ ސަމާސާއަކަށް ހަދާފައެއްނޫން، ހަގީގަތުގަވެސް އަހަރެންގެ އަންބެއްގެ މަގާމުގައި ޔޫހާ ދެކެން ބޭނުންވާތީ، އަދި އަހަރެންގެ ދަރިއަކަށް ކިޔާންވާއިރު އެދަރިފުޅަށް ބައްޕައެއްގެ ލޯބިދޭން ބޭނުންވެގެން…އަހަންނަށް އިތުބާރުކޮއްބަލަ” ޒައުލް އާދޭހުގެ ރާގެއްގައި ބުނެލިއެވެ.

“އިތުބާރަކީ ބުނާހާފަސޭހައިން ކުރެވޭނެ އެއްޗެއްނޫން، އިތުބާރުގެއްލުވާލި މީހަކީވެސް ޒައުލް، ޒައުލް ޖެހޭނީ އަހަރެންގެ އިތުބާރު ހޯދަން މަސައްކަތްކުރަން…” ޔޫހާގެ ވާހަކަނުނިމެނިސް ޒައުލް ވާހަކަދެއްކިއެވެ.

“އޭރުން އިތުބާރު ހޯދޭނެތަ…އެހެންވެއްޖެއްޔާ އަހަރެން މިހުރީ ކޮންމެ ކަމެއް ކުރަންޖެހުނަސް ތައްޔާރަށް” ޒައުލް ހެވިލާފައި ބުނެލިއެވެ. ޔޫހާގެ ހިތަށް އެހިނިތުންވުން ތަދުކުރުވިއެވެ. އެހިތުގައި ޒައުލްއަށްޓަކައި ލޯބިވާއިރު އަދިވެސް އޭނަ އެމަސައްކަތްކުރަނީ އެލޯބި ފާޅުވިޔަ ނުދިނުމަށެވެ.

“ދެން ދޭ ޒައުލް، އަފޫ އައިސްދާނެ” ޔޫހާ ޒައުލް ދެއްކި ވާހަކައަށް އެއްޗެއް ބުނަން ބޭނުންނުވެގެން ބުނެލިއެވެ.

“ކީއްވާނީ އަފޫ އައީ ވިއްޔާ” ޒައުލް ގޮތްދޫނުކުރާ ކަހަލަ ރާގެއްގައި ބުނެލިއެވެ.

“ނޫން، އޭރުން ކަމަކު ނުދާނެ، އަހަރެން ބޭނުމެއްނޫން ޒައުލް މިގެއިން ފެންނާކަށް….މިއަދު ކުރާނެ ކަމެއްވެސް ނެތީތަ ތިއިންނަނީ” ޔޫހާ ކިޔާން ހުސްކޮއްލި މައިލޯ ތަށި ހިފައިގެން ހިނގައިގަންނަމުންބުނެލިއެވެ.

“ކޮއްކޮ މޮޅު ދޯ…އެއްކޮށް ހުސްކޮއްލީ…ވަން މިނެޓް ތެރޭ” ޒައުލްގެ ފައިމަތީގައި އިން ކިޔާން ޒައުލްގެ މޫނަށް ބަލާލަމުން ބުނެލިއެވެ.

“ހެ ހެ ހެ ހެ…އެހެންތަ، ހަމަ ވަންމިނެޓްތަ، ވަރަށް މޮޅު، ދެންދޭ އަވަހަށް ފެންވަރަން މަންމި އާއިއެކު، އޭރުންނު ޕްރެޒެންޓު ގަންނަން ދެވެނީ” ޒައުލް ލުއިގޮތަކަށް ހީލާފައި ބުނެލިއެވެ.

“ކީއްކުރަން ކިޔާން ބޭރަށް ގެންދަނީ، މީހުންނަށް ފެނުނީނަމަ ކީކޭ ބުނާނީ، އޭނަ މިގޭގަ ހުއްޓަސް ޒައުލް އެއްޗެއް ދޭން ބޭނުންނަމަ ދިނަސް އެންމެ ރަނގަޅު” ޔޫހާ ސިންކުގެ ތެރެއަށް ތަށިލާފައި ޒައުލް އާއި ދިމާލަށް އެނބުރިލަމުން ބުނެލިއެވެ.

“ޔޫހާ….” ޒައުލް ޔޫހާގެ ނަން ދިގުކޮއްކިޔާލިއެވެ.

“އޭނަ ބަހައްޓާ، ޒައުލް ދެން ދޭ، އަހަރެން މެންދުރަށް ކައްކަންވެސް އެބަޖެހޭ، ޒައުލް އާއި ހެދި ނުކެއްކިފަ މިހުންނަނީ، ދެން ދޭ ބަލަ” ޔޫހާ ބުނެލިއެވެ. އޭނަ މިހާރު ބޭނުންވަނީ ޒައުލް ފޮނުވާލާށެވެ.

“އަހަރެން އެބަ ޔޫހާ ހިފަހައްޓަންތައް ކެއްކިޔަ ނުދީ، އެހެންނޫނަސް އަހަރެން ނުދާނަން ކިޔާން ގޮވައިގެން ނޫނީ” ޒައުލް ކިޔާން ތިރިކޮއްލަމުން ތެދުވިއެވެ. އަދި މަޑުމަޑުން ޔޫހާގެ ކައިރިއަށް ދިޔައެވެ. ޔޫހާ އަވަސް އަވަހަށް ކާމޭޒުގެ އަނެއްފަރާތުން ވީހާވެސް ޒައުލް އާއި ދުރުދުރުން ލާފައި ކިޔާން ގޮވައިގެން ކޮޓަރި އާއި ދިމާލަށް ހިނގައިގަތެވެ. އޭނަ އިތުރު އެއްވެސް އެއްޗެއް ނުބުނެ އުޅުނީ ޒައުލް ބޭނުންވާގޮތަށް ކަންތައްކުރުމަށެވެ. އެގެއިން ޒައުލް ދާނެ ހަމައެކަނި ގޮތަކީ އެއީކަން އެނގޭތީއެވެ. ޒައުލް ބުނެފި ބަހެއް ބަދަލެއްނުކުރާނެއެވެ. އަނެއްކޮޅުން މެންދުރުވާންވާއިރަށް ނުކެއްކިއްޖެނަމަ އަފްލީން އައިސް ކާނެ އެއްޗެއް ނުހުންނާނެއެވެ. ޒައުލް ޔޫހާގެ ފަހަތުން އައިސް އެކޮޓަރިއަށްވަނެވެ. އަދި ވަށައިގެން އެކޮޓަރިއަށް ބަލާލިއެވެ. ކޮޓަރީގައި ހުރި ބޮޑު އެނދުފެނުމުން ކިޔާން އާއި ޔޫހާވެސް ނިދަނީ އެ އެނދުގައިކަން ޒައުލްއަށް އެނގުނެވެ. ރީތިވާ މޭޒުމަތީ އޭނަ ޔޫހާއަށް ދިންތަނުން އެއްވެސް ސެންޓުފުޅިއެއް ފެންނާކަށް ނެތެވެ. ނުވިތާކަށް އޭނަ ފޮނުވި ބޮޑު މާބޮނޑިން މަލެއްހާ ހިސާބުވެސް އެކޮޓަރީގައި ނުވެއެވެ. ދެން އެއްޗިއްސަ ޔޫހާ ހެދީ ކިހިނެއްބާއޭ ޒައުލްގެ ހިތަށް އެރިއެވެ. ނަމަވެސް ކިޔާންއަށް އޭނަ ދިން ކުޅޭއެއްޗިއްސާއި ބެއަރތައް ކޮޓަރީގެ ކަނެއްގައި އޮތް މެޓެއްގެމަތިން ފެންނަން ހުއްޓެވެ. އެކޮޓަރިތެރޭގައި ދެއްކުންތެރިކަމެއް ނުވެއެވެ. ފަޓުލޫނުގެ ދެޖީބަށް އަތްޖަހާލާފައި ފާހާނާގެ ކައިރިއަށް ހިނގައިގަތީ ޔޫހާ ކިޔާން ގޮވައިގެން ފާހާނާއަށް ވަނީމައެވެ.

“ދަރިފުޅު ނުފުންމަބަލަ، ފާހާނާއަށް ވެއްޓިދާނެ…” ހޭންޑްޝަވަރުން ކިޔާންގެ ބޮލަށް ފެންތައް ދޫކޮއްލުމާއިއެކު ކިޔާންއަށް ބުނެލިއެވެ. އޭރު ޔޫހާގެ ފުރަގަހުގައި ދޮރުމަތީ ޒައުލް ހުއްޓިލައިގެން ހުއްޓެވެ. އޭނަގެ ނަޒަރުވަނީ ޔޫހާއަށް ހުއްޓިފައެވެ. ދޭތެރެއަކުން ލުއިހިނިތުންވުމެއް ތުންފަތުގައި ދުވެލައެވެ.

“ހައު ކެން އައި ފޮގެޓް ދޯސް ލެގްސް….” ޒައުލް ޔޫހާގެ ފަޔަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. ޔޫހާ ހުރީ ކިޔާން ފެންވަރުވާ ގަޑީގަ އޭނަގެ ހަރުވާޅުގެ ފައިކުރި ތެމިދާނެތީ ކަކުލުން މައްޗަށް ހަރުވާޅު އޮޅާލައިގެންނެވެ. ޒައުލްގެ އެޖުމްލައިން ޔޫހާއަށް އުދަނގޫވިއެއްކަމަކު އަޅައެއްނުލިއެވެ.

ހޮޓަލުން ބޭރަށް ނުކުތް އައްޔަދުގެ ލޮލުގައި އަދިވެސް ނިދީގެ ބަރުކަން އެކުލެވިފައިވިއެވެ. އެހާވަރުން އޭނަ ނުކުތީ ހެދުނު ސައި ގެއިން ބޯލުމުގެ ފިކުރެއްގައި ހުރެފައެވެ. އެހެންނަމަވެސް ކުއްލިއަކަށް އޭނަގެ ފިކުރު ބަދަލުވިއެވެ. ހޮޓެލުގެ ފެންވަރު ބަލަން އައި މީހަކު ހުރިހާ ކަމެއްވެސް ކުރަންވާނީ ހޮޓެލުން ކަމަށް އޭނަގެ ސިކުނޑިއަށް ވިސްނުނެވެ. އައްޔަދު އެނބުރި ހޮޓެލްގައި އޭނަ ހުރި ކޮޓަރިއަށް ދަމުން ރޭގަ ޔޫހާ ޑިއުޓީގައި އިން ކައުންޓަރު ކައިރިއަށް ގާތްކޮއްލިއެވެ. އެތަނުގައި އިނީ އެހެން ކުއްޖެކެވެ. އައްޔަދު އެކުއްޖާގެ ކައިރިން ޔޫހާގެ ނަންބަރު އޮޅުންފިލުވަން މަސައްކަތްކުރިއެވެ.

“ސޮރީ ސަރ، ސްޓާފުންގެ ނަންބަރެއް ތިގޮތަށް ދެވޭކަށް ނޯންނާނެ، އަޅުގަނޑުމެންނަށް މަނާ ކޮއްފައޮންނަނީ އެގޮތަށް ޕާރސަނަލް އިންފޯ ދިނުމަށް” ރިސެޕްޝަންގައި އިން ހަނާ ބުނެލިއެވެ. އައްޔަދު ބޯޖަހާލަމުން އިތުރު އެއްޗެއް ނުބުނެ ހިނގައިގަތެވެ. ވަކި ހިސާބަކަށް ގޮސްފަ އެނބުރި އަނެއްކާވެސް އެކައުންޓަރުގެ ކައިރިއަށް އައެވެ.

“މިތަނުގެ ބޮޑުމީހާ މަންސޫރު ކޮބާ؟ އޭނަ އާއި ގުޅޭނެ ނަންބަރެއް ލިބޭނެތަ” އައްޔަދު އަހާލިއެވެ. އޭނަ ބޭނުންވީ މަންސޫރުގެ ނަންބޭނުންކޮއްގެންވިޔަސް ޔޫހާގެ ނަންބަރު ހޯދާށެވެ.

“މިހާރު ކޮމްޕެނީގެ ބޮސްއަކީ މިސްޓަރ ޒައުލް މަންސޫރު، މަންސޫރުގެ ދަރިފުޅު، މިސްޓަރ މަންސޫރު ހުންނަވަނީ ރިޑާޔާރޑްވެ ވަޑައިގެން، މައްސަލައެއް ނޯޓްކުރައްވަން ބޭނުންފުޅުވާނަމަ މެނޭޖްމަންޓުގެ އެންމެ އިސްވެރިޔާ އާއި ބައްދަލުވެދާނެ، ތިބޭފުޅާގެ ނަމާ ރޫމްނަންބަރު ދެއްވާ އޭރުން އަޅުގަނޑު މެނޭޖްމަންޓަށް އަންގާލަފާނަން” ހަނާ ޖަވާބުދިނެވެ.

“ނޫނޭ، އިޓްސް އޯކޭ” އައްޔަދު ހިނިތުންވެލާފައި ހިނގައިގަތެވެ. ބޯކަހާލާފައި އަނެއްކާވެސް ވިސްނާލިއެވެ. އަދި ލިފްޓަށް އަރައިގެން ރޫމަށް ގޮސް ރޭގަ ގުޅާފައިވާ ނަންބަރަށް ގުޅާލިއެވެ.

“ހެލޯ، ދިސް އިޒް ޒައުލް…ދެންމެ ކަމެއް ބޭނުންވެގެން ރިސެޕްޝަނަށް އައި ގެސްޓު އަހަންނަށް ގުޅީމަ މިގުޅީ، އޭނަ ބޭނުންކަމެއް ކޮއްދީ، ހީޒް ފެމިލީ” އައްޔަދު މިހެން ބުނުމާއިއެކު ފޯނުގެ އަނެއްކޮޅުން ވާހަކަދެއްކި ހޮޓެލްގެ ސްޓާފް އާއެކޭ ބުނެފިއެވެ. ހުރީ ވަރަށް ހާސްވެފަކަން އައްޔަދުއަށް އެނގުނެވެ. ފޯނު ކަނޑާލުމާއިއެކު އޭނަ އަމިއްލައަށް ހޭންފެށިއެވެ. ދޮގެއް ހަދާލައިގެންވެސް އޭނަ ބޭނުންކަންތައްވުމުންނެވެ. އަދި ތަނުގެ ސްޓާފުންގެ މޮޔަކަމޭ ހިތަށް އަރާފައެވެ. އެޒައުލްއެއްދެކެ އެމީހުން ގަންނަނީ ހާދަ ބިރެކޭ އައްޔަދު ހިތައްއެރިއެވެ.

ކިޔާންގެ ގައިގާ ވަށައިގެން ތުވާލި އޮޅާލުމަށްފަހު އުރާލައިގެން ޔޫހާ ފާހާނާއިން ނުކުތެވެ. އެނދުމަތީ ކިޔާން ބެހެއްޓުމަށްފަހު ޔޫހާ އަލަމާރިން ކިޔާންގެ ހަވީރީ ހެދުމެއްނެގިއެވެ. އަދި ރީތިކުރަން ބޭނުންވާ ސާމާނުތައްވެސް ގެނެސް އެނދުމަތީ އަތުރާލިއެވެ. ކިޔާން އޭނަގެ ޑެޑީ އާއިއެކު ބޭރަށް ދެވެންއުޅޭތީ ހުރީ ވަރަށް އުފަލުންނެވެ. އެހެންދުވަސް ދުވަހަށްވުރެ އަނގަވެސް ގަދަވެފައިވެއެވެ. ކިޔާންގެ ކުދި ކުދި ސުވާލުތަކަށް ޖަވާބުދެވޭތޯ ޒައުލް ވަރަށް މަސައްކަތްކުރެއެވެ. ބައެއްފަހަރަށް އެސުވާލުތައް ޔޫހާ ފޫބައްދާދެއެވެ. އެހެނީ ޒައުލްއަށް ކުޑަކުދިންނާއި ވާހަކަދައްކަން އެހާ ރަނގަޅަށް ނޭގީތީއެވެ. ކިޔާން ތައްޔާރުކޮއްނިމުމާއިއެކު ދުވެފައި ގޮސް ޒައުލްގެ އަތުގައި ހިފާލިއެވެ. ހެވިފައިހުރެ ޒައުލްވެސް ހިނގައިގަތީ ގޭން ނުކުތުމަށެވެ. ޔޫހާވެސް އެމީހުންގެ ފަހަތުން ބޭރުދޮރާހަމައަށް ނުކުތެވެ. ކަންބޮޑުވެފައިވާ ނަޒަރަކުން ކިޔާންއަށް ބަލާލިވަގުތު ޒައުލް ޔޫހާގެ ކޯތާފަތުގައި އަތްޖައްސާލިއެވެ.

“އަހަރެން ކިޔާން ސަލާމަތުން ގެއަށް ގެނެސްދޭނަމޭ، ތިހާ ހާސްވެފަ ނުހުރެބަލަ” ޒައުލްބުނެލީ ލޯބިވެތިގޮތަކަށެވެ. ޔޫހާއަށް އޭނަގެ ކޯތާފަތުގައިވާ ޒައުލްގެ އަތްތިލާގައި އަތްޖައްސާލެވުނެވެ. އަދި ޒައުލްގެ ކަނޑެއްފަދަ ފުންދެލޮލަށް ބަލާލެވުނެވެ. ޔޫހާގެ ލޮލުގެ ތެރެއަށް ގެނބިގެންދާން ޒައުލްވެސް ބޭނުންވިއެވެ. އެހެންނަމަވެސް އެވަގުތު އޭނަގެ އަތުގައި ހިފާލައިގެން ހުރި ކިޔާން ދާންބޭނުންވެފަ ހުރިވަރުން ދެފަހަރު ޒައުލްގެ އަތަށް ދަމާލައިފިއެވެ. ޒައުލް ކިޔާން ގޮވައިގެން ހިނގައިގަތީ ދުރުނޫން ހިސާބެއްގައި އޮތް އޭނަގެ ކާރާ ދިމާލަށެވެ. ޖަމާލްއަށް ޒައުލް އާއި އޭނަގެ އަތުގައި ހިފާލައިގެން ހެވިފައި އަންނަ ކިޔާން ފެނުމުން ހިނިތުންވެލާފައި ކާރުން ފޭބިއެވެ. އަދި އެމީހުންނަށް ކާރުގެ ފަހަތު ދޮރުފަތް ހުޅުވާލަދެން އުޅެން ފެށުމުން ޒައުލް އަތުގެ އިޝާރާތުން އެކަން ހުއްޓުވިއެވެ.

ޑިއުޓީގައި ހުރި ޝާއިން ކަންބޮޑުވެފައި އިރުއިރުކޮޅާ ފޯނަށް ބަލާލެވެއެވެ. ޔޫހާއަށް ގުޅަން ހިތަށްއަރާފަވެސް ހެނދުނު ޑިއުޓީ ނިންމާފައި ގެއަށްގޮސް މިހާރު އޮންނާނީ ނިދާފަކަމަށް އޭނަ ހީކުރިއެވެ. ހައްތާވެސް ނުގުޅަން މަޑުކުރަނީ އެހެންވެއެވެ. ނަމަވެސް ޔޫހާއަށް ފައުޒީގެ ކަންތައް ހިނގާދިޔަ ގޮތް ކިޔާދޭން ބޭނުންވެއެވެ. ޒައުލް އެކަމާ ގުޅިގެން ޔޫހާއަށް ސުވާލެއް ކޮއްފިއްޔާ އޭނަދެކެ ޔޫހާ ހިތްހަމަނުޖެހިދާނެއެވެ. އަނެއްކޮޅުން ހޮޓެލްގެ ތެރޭ ޔޫހާ ބަދުނާމުވާފަދަ އެއްވެސް ކަމެއް ވާކަށް ޝާއިން ނޭދެއެވެ.

މަންސޫރަށް ލޫލުއާގެ ހަރަކާތްތައް މިފަހަކަށް އައިސް ހުންނަ ގޮތް ފާހަގަވެފައިވެއެވެ. އީލާކްގެ ފަރުމާކުރުންތައް ބެލެހެއްޓުމަށްޓަކައި ހާޒިމް އެގެއަށް އަންނަން ފެށިފަހުން އެދެކުދިންގެ ގުޅުން ގާތްވެއްޖަކަން އޭނައަށް އެނގެއެވެ. ނަމަވެސް މަޑުކުރަމުން އައީ ލޫލުއާގެ ފަރާތުން ނޫނީ ހާޒިމްގެ ފަރާތުން އެފަދަ އިޝާރާތެއް އޭނައަށް ކުރާނެ އިރަކަށެވެ. ކޮންމެ ހަފްތާއަކު ތިންހަތަރު ފަހަރަށް ލާއިގާ ގެއަށް ގުޅާނެއެވެ. މަންސޫރާއި ކުދިންގެ ހާލުބަލާ ގޭތެރޭގެ ކަންތައްތައް ހުންނަނީ ކިހިނެއްތޯ އޮޅުންފިލުވާހަދައެވެ. ހާޒިމް އާއި ލޫލުއާގެ ވާހަކަ މަންސޫރު ލާއިގާއަށްވެސް ވަނީ ކިޔާދީފައެވެ. ލާއިގާއަށް ހާޒިމް ވަރަށް ކަމުދިޔައެވެ. އެކުދިން ކައިވެންޏަކަށް ނޭދުނުކަމުގައިވިޔަސް ލާއިގާ ބޭނުންވީ އިސްވެ އެވާހަކަ ލޫލުއާއި ދެއްކުމަށެވެ. އަދި ކައިވެނީގެ ކަންތައްތައް ލާއިގާމެން އަމިއްލައަށް ރޭވުމަށެވެ.

“ހާޒިމް އާއި ދަރިފުޅު ބައްދަލުކޮއް އެދެންވީނު ކައިވެންޏަށް، އޭނަގެ އާއިލާއަކީވެސް އަހަރުމެންނާ ވަރަށް ގާތް އާއިލާއެއްނު، ހަގީގަތް އެނގޭ އާއިލާ އެއްގެ ކުއްޖަކާ ގުޅުމުން މައްސަލައެއްނެއްތާ، ގަދަރުވެރި އާއިލާއެއް އެއީވެސް، ހާޒިމް ކައިރީ ކައިވެނީގެ ވާހަކަ ދައްކަން ދަރިފުޅަށް ނުކެރޭނަމަ ސަމަދުއަށް ތިހިޔާލު ހުށައަޅަން މަންމައަށް ފެންނަނީ، ޒަމާންވީ ރަޙުމަތްތެރިކަމުގެ ގުޅުން އާއިލީ ގުޅުމަކަށްވެސް ބަދަލުވީނު” ލާއިގާ ވަރަށް ހިނިއައިސްފައިހުރެ ފޯނުން މަންސޫރު އާއި ވާހަކަދެއްކިއެވެ.

“އަޅުގަނޑަށް ފެންނަނީ ސަމަދު އާއި މިވާހަކަ ދައްކަން، އެކަމަކު އެކުދިންނާ އެއްވެސް މަޝްވަރާއެއް ނުކުރައްވާ ކައިވެނީގެ ވާހަކަ ކުއްލިއަކަށް އަޑުއިވުމުން ހިތްހަމަނުޖެހިދާނެއެއްނު” މަންސޫރު ވިސްނާލާފައި ބުނެލިއެވެ.

“ލޫލުއާ ގަބޫލުވާނެ، އަހަރުމެން ނިންމާގޮތަކަށް އެކުދިން ފާޑެއް ނުކިޔާނެ، ނިކަން ސަމަދު އާއި އެވާހަކަ ދައްކާލަބަލަ، އެމީހުންވެސް ގަބޫލުވާނެކަން އަހަންނަށް ޔަގީން” ލާއިގާ ބުނެލިއެވެ.

“މަންމާ، އީލާކް ކިހިނެއްތަ މިހާރު” މަންސޫރު އާހާލިއެވެ.

“މިހާރު ވަރަށް ރަނގަޅު، ބޭރަށް ނުކުމެ އުޅޭ، މަންމަ އާއިވެސް ވާހަކަދައްކާލެއް ކުރިއަށްވުރެ ގިނަ، އެކަމަކު އަދިވެސް އެއީ އަހަރުމެންގެ އީލާކްއެއްނޫން….އަދިވެސް އެހެން ހުރެފަ ވަރަށް އަވަހަށް ރުޅިގަދަވޭ، އޭނަ ދައްކާ ސައިކަރޓްރިސްޓް ބޭހެއްވެސް ދީފަހުރީ، އެވެސް ކޭތޯ ބަލަން ޖެހޭ ކޮންމެ ދުވަހަކުވެސް” ލާއިގާ ވާހަކަދެއްކިއެވެ.

މެންދުރުއެކެއް ޖަހާލަންކަން ހާއިރެވެ. ޒައުލް ކިޔާން ގޮވައިގެން އައިސް ގެއަށްވަންއިރު ސޯފާގައި އޮށޯވެލައިގެން އޮތް ޔޫހާއަށް އޮތީ ނިދިފައެވެ. ޒައުލް މެންނާއިއެކު އެގެއަށްވަތް ޖަމާލްގެ އަތުން ކޮތަޅުތައް ޒައުލްއަތުލަމުން ކާރުގައި މަޑުކުރުމަށް ބުންޏެވެ. ދުވެފައި އައި ކިޔާން ސޯފާގައި ނިދިފައި އޮތް ޔޫހާގެ ގައިގާ އޮޅުލައިގަތެވެ.

ކުޑަކޮށް ސިހިފައި ހޭލި ޔޫހާ ކިޔާންގެނެސް އުނގުގެތެރެއަށްލަމުން އަވަސް އަވަހަށް އެއްއަތުން މޫނުގައި އަތްހާކާލިއެވެ. އޭނަގެ އެހަރަކާތަކީ ނިދިމޫނު ޒައުލްއަށް ނުދެއްކުމަށް ކުރިކަމެއްކަމުގައި ވެގެންދިޔައެވެ. ދެން އޭނައަށް ބަލާލެވުނީ ސޯފާމަތީގައި އޮތް ފޯނުން ގަޑިންވީއިރެކެވެ. އޭނަ ކަންބޮޑުވީ އަފްލީން ގެއަށް އަންނަން އުޅޭނެތީއެވެ.

“ހާދަ ލަހުން ތިއައީ، މިހާރު ދެން ޒައުލް ބޭނުންކަންތައް ވެއްޖެއެއްނު، ދެން ދޭ…” ޔޫހާ ސިޓިންރޫމުގެ ޓައިލްސްތަކުގެ މަތީ ޒައުލް ބެހެއްޓި ކޮތަޅުތަކަށް ބަލަންއިނދެ ބުނެލިއެވެ.

“ހަމަ ދާންވީތަ، އެކަމަކު އަހަރެން އަދިވެސް ދާހިތެއްނުވޭ…ޔޫހާ އަހަންނާއިއެކު ދާންވީނު، އަހަރެން ހޮޓެލްގަ ރޫމެއް ހަމަޖައްސަފާނަން، އެއްވެސް އުނދަގުލަކާ ނުލާ ކިޔާން ގޮވައިގެން އުޅެވޭނެ، އޭރުން އަހަންނަށް ފެންނަ ހިސާބުގައެއްނު ޔޫހާ އުޅޭނީ، އަހަރެންގެ މައްސަލައެއްނެތް ޔޫހާ ވޯކްއަށް ނުކުތަސް…” ޒައުލް ލުއިގޮތަކަށް ހިނުތުންވެލައިގެން ހުރެ ބުނެލިއެވެ. ޔޫހާ އޭނަގެ ގާތުގައި އިށިންނަން ނުބުނިކަމުގައި ވިޔަސް އޭނަ އެކަމާ ކަންބޮޑެއްނުވެއެވެ. އެއަށްވުރެ އޭނަ ކަންބޮޑުވަނީ ޔޫހާ ނުފެންނަ ހިސާބަށް ދާންޖެހޭތީއެވެ. ކައިވެނި ކުރެވެންދެންވެސް އޭނަ ބޭނުންވަނީ ޔޫހާ އޭނަގެ ދާދިގާތުގައި އުޅުމަށެވެ.

“ކޮންކަހަލަ ވާހަކައެއްތަ ޒައުލް ތިދައްކަނީ، އާދޭސްކޮއްފާ ބުނަން، ތިކަހަލަ ވާހަކަދެއްކުން އެހަށް ހުއްޓާލަބަލަ” ޔޫހާ ނިތަށް ރޫއަރުވާލަމުން ޒައުލްއަށް ބަލާލާފައި ބުނެލިއެވެ.

“މަންމީ….ޑެޑީދެކެ ރުޅި ނާންނައްޗޭ، ޑެޑީއަކީ ބަސްއަހާ ކުއްޖެކޭ…ޑެޑީ ބުނީ ދެން ކޮއްކޮ އުޅޭނީ ޑެޑީއާއިއެކީގަޔޯ، މަންމިއަށް އެނގޭތަ، ބޮޑު ބޮޑު ކާރ އެއްވެސް ޑެޑީގެ އޮވޭ، ވަރަށް މަޖާ، ކޮއްކޮ ބައިވަރު ފިހާރަތަކަށް ދިޔައިން….މަންމިއަށްވެސް ޕްރެޒެންޓެއް ގެނައިމޭ، މިހުރިހާ ޕްރެޒެންޓްމީ ކޮއްކޮގެ…ޑެޑީއަތުގަ އެއޮތީ މަންމިގެ ޕްރެޒެންޓް، އަފޫއަކަށް އެއްވެސް ޕްރެޒެންޓެއް ނުގެންނަން….ހެ ހެ ހެ” ކިޔާން އޭނަގެ ޅަވިސްނުމާއިއެކު ލާނެތް ގޮތަކަށް ހީލިއެވެ. އުމުރުގެ ތަފާތު އަފްލީން އާއި ކިޔާންގެ މެދުގައި ކިތަންމެ ބޮޑުކަމުގައި ވިޔަސް، އެދެމީހުން ވާދަ ކިޔާއިރު އަފްލީންވެސް ހީވާނީ ކިޔާންވަރުގެ ކުޑަކުއްޖެއްހެންނެވެ. ކިޔާންވެސް ކުޑައެއްކަމަކު އަފްލީންއަށް ދުލެއްނުކުރާނެއެވެ. ކިޔާންގެ ވާހަކަތަކުގައި އަފޫގެ ނަމަކީ އާމު ނަމެކެވެ. އޭނަ އަފްލީންއަށް ގޭގެ އެހެންމީހުން ކިޔާނަމުން މުހާތަބުކުރި ކަމުގައި ވިޔަސް، ދެކެނީ އޭނަގެ ދައްތައެއްގެ ގޮތުގައެވެ. ޔޫހާ އާއި ޝާއިން އުޅެއުޅެވެސް އާދަނުކުރެވުނު ކަމަކީ އަފްލީންއަށް އަފޫކިޔުން ހުއްޓުވުމެވެ. ކިޔާންގެ ވާހަކަތަކުން ހިނިތުންވެލި ޔޫހާއަށް ޒައުލްގެ އަތުގައި އޮތް ކޮތަޅު ފާހަގަކުރެވުނީ ދެނެވެ.

“އަހަރެން ޔޫހާއަށް ދޭ އެއްވެސް ހަދިޔާއެއް ގަބޫލުކުރިހެނެއް ހިޔެއްނުވޭ، އެކަމަކު މި ހަދިޔާ ގަބޫލުކުރަންވާނެ، ޕްލީޒް، ކިޔާންއަށްޓަކާވިޔަސް އެންމެ ރަނގަޅު…” ޒައުލް އައިސް އެއްފަރާތުގައި ވަކިން ހުރި ސޯފާގޮނޑީގައި އިށީންނަމުން ބުނެލިއެވެ. އަދި އޭނަގެ އަތުގައިވާ ކޮތަޅުން ފޮއްޓެއްނެގިއެވެ. އޭގެތެރެއިން އޭނަ އެންމެ މިހާރުގެ ފޯނެއްނަގާ ބޭނުންކޮއްފައިނުވާ މުޅިން އައު ސިމްކާޑެއް ލައްވާލިއެވެ. ފޯނު ހުޅުވާލުމާއިއެކު ރީތި ރާގެއް އިވިގެންދިޔައެވެ. ކިޔާންގެ ޝައުގުވެރިކަން އެފޯނަށް ހުއްޓުމާއިއެކު އަވަހަށް ޒައުލްގެ ގާތަށް ދިޔައެވެ.

“ޒައުލް، ތިހާ ބައިވަރު އެއްޗެހި އޭނައަށް ގަނެދިނީ ކީއްކުރަން، އަހަރެން ކީއްކުރާ ފޯނެއް، އަހަރެން އެއްވެސް ހަދިޔާއެއް ބޭނުމެއްނޫން” ޔޫހާ ބުނެލިއެވެ.

“ކީއްތަވީ، ފައިސާ އެބަހުރި…ދެން ހަމަ ހޯދަންވީނު، މަގޭ ދަރިއަކަށް މިހަރަދުކުރަނީ، ދެން މަގޭ ވާންއުޅޭ އަނބިމީހާއަށް” ޒައުލް ހަމަޖެހިލާފައި ބުނެލިއެވެ.

“ތީއޭ މައްސަލައަކީ، ޒައުލް ބޭނުންވާ ކަމެއް ބޭނުންވާގޮތަށް ވާންޖެހޭނެ ދޯ، އަހަރެންގެ ފެންވަރެއްނޫން މީ، ޒައުލް ތިހެން މިހާރު ގަބޫލުކުރިޔަސް، މިދުނިޔެއެއް ނުދެކޭނެ ޒައުލްއަކީ ކިޔާންގެ ބައްޕަކަމަކަށް، އަވަސް އަރުވާލާފަ ހުރިހާ ކަމެއް ނިންމާލަން ތިއުޅެނީ……ދެން ނޭގެ، ޒައުލް ދޭ މިގޭން” ޔޫހާ ސޯފާއިން ތެދުވަމުން ތުންފިއްތާލާފައި ބުނެލިއެވެ. އެވަގުތު ބޭރުދޮރާށި ހުޅުވާލާފައި އައިސް ސިޓިންރޫމަށް ވަންނައުޅުނު އަފްލީންއަށް ކުއްލިއަށް ހައިރާންކަމެއްވެރިވެގެންދިޔައެވެ. ޔޫހާއަށްވެސް ބަލާލެވުނީ ދޮރުމަތީ ހުރި އަފްލީންއަށެވެ. އެހެންނަމަވެސް ޔޫހާ އާއި އަފްލީންއަށް އިތުރު ހައިރާންކަމެއް ގެނުވީ ކިޔާން ކައިރިކޮއްލައިގެން ފޯނާކުޅެން އިން ޒައުލް އަފްލީންއަށް ހިނިތުންވެލީމައެވެ. އެހިނދު ޔޫހާ ގަތީ ބިރެވެ. އަނެއްކާ އޭނަގެ ކުރިމަތީ އިނީ ހަމަ ޒައުލް ބާއޭ އޭނަގެ ހިތަށް އެރިއެވެ. މާތްކަލާކޯއެވެ. ޒައުލް އެހުރީ އޭނަ ބުނި ބަހުގައި ސާބިތުވެއެވެ. ކޮންމެ މީހަކަށް އޭނަ ޔޫހާ އާއިއެކު ފެނުނަސް އޭނައަށް އެކަންވަނީ ހެޔޮވެ ވަރިހަމަވެފައެވެ.

“އަފޫ….ކޮއްކޮގެ ޕްރެޒެންޓްތައް…..” ކިޔާން އަވަސްވެގަތީ އަފްލީންއަށް އޭނައަށް ޒައުލް ގަނެދިން އެއްޗެއްހި ދައްކާލަމުން ފޮނިވެލާށެވެ. ޔޫހާ އޭނަގެ ދޫހިމޭންކުރަމުން އަފްލީންއަށް ބަލާލީ ސިއްރުފަޅާއަރައިފިކަން ޔަގީންވެގެންނެވެ. އަދި ކުރެވޭނެ ކަމެއް ދެއްކޭނެ އިތުރު ބަހަނާތަކެއް ދެންނެތް މީހަކު ފަދައިންނެވެ. އަފްލީން ހިނިތުންވެލާފައި ކިޔާންގެ އިސްތަށިގަޑާ ކުޅެލާފައި ގޮސް އޭނަގެ ކޮޓަރިއަށް ވަދެއްޖެއެވެ.

“އޯ މައި ގޯޑް…އެމް އައި އަވޭކް…ހުވަފެނެއްތަ…” ދޮރުލައްޕާލުމާއިއެކު އެނދުމައްޗަށް ފޮތްތައް އުކާލި އަފްލީން އޭނަގެ މޫނުގައި ދެއަތުން ޖަހާލިއެވެ. ގަބޫލު ނުކުރެވިގެންނެވެ.

“ދެޓްސް ހިމް…ޔާ ދެޓްސް ހިމް، އޯ މައި ގޯޑް…އެއީތަ ކިޔާންގެ ބައްޕައަކީ، ޔޫހާ…ހޫ އަރ ޔޫ ގާލް…ނޫނީ ޒައުލް ބޭނުންވަނީތަ ޔޫހާ….” އަފްލީންއަށް ބުނެލެވުނެވެ. ޒައުލްއަކީ ކާކުކަން އޭނައަށް އެނގެއެވެ. އެގޭގައި އޭނަ އިނދެދާނެކަމަކަށް ދުވަހަކުވެސް އަފްލީން ހިއެއްނުކުރެއެވެ. އަވަހަށް ޝާއިންއަށް ގުޅަން ބޭނުންވިއެވެ. އެކަމަކު އޭނަ ބޭނުންވީ ޒައުލް އާއި ޔޫހާ ދައްކާ ވާހަކައެއް އަޑުއަހާލާށެވެ. ކޮޓަރީގެ ދޮރުކައިރީ މަޑުކޮއްލައިގެން ޔޫނީފޯމް ބަދަލުކުރުމެއްވެސް ނެތި އަފްލީން ހުއްޓެވެ.

“ޒައުލް، ތިދައްކަނީ ތެދުކަމުގަވަނީނަމަ ދެންވެސް މިގެއިން ދޭބަލަ، ޕްލީޒް…އަފްލީންވެސް ގެއަށް އެއައީ، ހުރިހާ ކަމަކާ ކުރިމަތިލާން މިޖެހެނީ އަހަންނާ” ޔޫހާ ކަންބޮޑުވެފައިވާ ރާގެއްގައި ބުނެލިއެވެ.

“ޔޫހާއަށް ބުނަން ނުކެރެންޏާ އަހަރެން ބުނެފާނަމޭ އަފްލީން ކައިރީ، ނޫނީ އޭނަ ކައިރީ ބުނޭ އަހަންނާ ސުވާލު ކުރާށޭ، އަހަރެން ޖަވާބުދީފާނަން….ހޫމް، ޔޫހާ ތިހާވަރަށް އާދޭސް ކުރަންޏާ އަހަރެން ދެން ހިނގައިދާނަން، އެކަމަކު ޝަރުތެއްގެ މަތިން” ޒައުލް ތެދުވަމުން ބުނެލިއެވެ.

“ޝަރުތަކާ ނުލާ ޒައުލް އެއްވެސް ކަމެއް ކޮއްގެން ނުވަނީތަ” ޔޫހާ ބުނެލިއެވެ.

“އަން، އަހަރެން ގުޅާނަން ފަހުން، ގުޅީމަ ފޯނު ނަގަންވާނެ، ދެން މި ފޯނުގަ ހިފާބަލަ….އޭރުން ދާނަމޭ” ޒައުލް ޔޫހާގެ ގާތަށް އައިސް ހުއްޓިލާފައި ބުނެލިއެވެ. ޔޫހާ ސިއްރުން ކުދިކިޔާލަމުން ޒައުލް ދިއްކުރި ފޯނުގައި ހިފިއެވެ.

“ކީކޭ…އެއްޗެކޭ ބުނިންތަ؟” ޒައުލްއަށް ޔޫހާ ކީއެއްޗެއް އަޑުނީވުމުން އަހާލިއެވެ.

“އެއްޗެކޭ ނޫން، ދެން ދޭ އަވަހަށް…” ޔޫހާ ބުނެލިއެވެ.

“ޔޫހާ ހީކުރީ އަހަރެން ޔޫހާ އާއި ވާހަކަދައްކާ ހިތުން ދިން ފޯނެއްކަމައްތަ، އަސްލު އަހަރެން ކިޔާންއާއި ވާހަކަދައްކާ ހިތުން މިފޯން މިދިނީ…އޭނަގެ އަތަކަށް ފޯނެއްނުދެވޭނެއެއްނު ދޯ…އެެހެންވެ…” ޒައުލް ޔޫހާއާއި ކުރިއަށްވުރެވެސް ބޮޑަށް ގާތްވެލާފައި ސަމާސާ ރާގެއްގައި ބުނެލިއެވެ. އަދި ލުއިގޮތަކަށް ހެމުން ކިޔާންއަށް ގޮވާލާފައި ދަނީ ކަމުގައި ބުންޏެވެ. ފަހުން އަންނާނަން ކަމުގައިވެސް ބުންޏެވެ.

ދޮރާށިން ޒައުލްއަށް ނުނިކުމެވެނިސް ޔޫހާގެ އަތުގައި އޮތް ފޯނު ރިންގުވިއަޑާއިއެކު ޔޫހާ ކުޑަކޮށް ސިހުނީ ނުވިސްނާހުރުމުގެ ސަބަބުންނެވެ. އެއަށްވުރެ އެވަގުތު ޒައުލް އެގެއިން ފޮނުވާލަން އޭނަ ބޭނުންވެފައިވެއެވެ.ފޯނުގެ ރިންގާއިއެކު ޒައުލް ފަހަތަށް އެނބުރި ބަލާލާފަ އަނެއްކާވެސް ހީލާފައި އެގެއިން ނުކުމެއްޖެއެވެ. ޔޫހާ އޭނަގެ އަތުގައި އޮތް ފޯނަށް ބަލާލިއެވެ. ޒައުލްގެ ނަމުގައި މިސްކޯލެއް ފެނުނެވެ. އޭނަ ނުކުމެގެން ދަމުންވެސް ގުޅާލީ ޔޫހާ އާއި ސަމާސާކޮއްލުމުގެ ބޭނުމުގައެވެ. ޔޫހާގެ މޫނުމަތީގައި ހިނިތުންވުމެއްނުވެއެވެ. އޭނައަށް ހީވީ އިޙްސާސްކުރެވެމުންދިޔަ ބޮޑު ބުރައެއް ލުއިވެގެން ދިޔަހެންނެވެ. ފުންނޭވާއެއް ބޭރުކޮއްލާފައި ކޮތަޅުތަށް ހާވަން ހުރި ކިޔާންއަށް ބަލާލެވުނެވެ. ސޯފާގައި އޮތް ޔޫހާގެ ފޯނު ރިންގުވީވެސް ހަމައެވަގުތުއެވެ.

“ޕިސް…ޕިސް…ތިދެން ވަރުގަދަ ކަމެއްނު ޒައުލް…” ޔޫހާއަށް ގުޅީ ޒައުލްހެން ހީވެގެން ބުނެލެވުނެވެ. އަދި ފޯނުން ޖަވާބުދޭން ބޭނުންނުވެ ހުރެވެސް ފޯނުގެ ކައިރިއަށް ދިޔައީ ރިންގުވާއަޑުއިވޭތީއެވެ. އަތުގައި އޮތް ޒައުލް ދިން ފޯނު ސޯފާގެ ކުރިމަތީ ހުރި ކުޑަމޭޒު މަތީ ބާއްވާފައި ޔޫހާ ގެންގުޅޭ ފޯނުނަގާ ބަލާލިއެވެ. ފުރަތަމަ ކޯލް މިސްވީމަވެސް ދެވަނަ ފަހަރަށްވެސް ފޯނު ރިންގުވިއެވެ. އެފޯނުގައި ޒައުލްގެ ނަންބަރު ސޭވްކޮއްފައި ނެތުމުން އޭނައަށް ގުޅަނީ ޒައުލްކަމެއް ޔަގީންކުރާކަށް ނޭގުނެވެ. އެހެންނަމަވެސް އެންމެ ފަހުން ފޯނުނެގިއެވެ.

“ކީއްކުރަންތައް ތިގުޅަނީ” ޔޫހާ ހިތްހަމަނުޖެހިފައި ހުރި ރާގެއްގައި ބުނެލިއެވެ.

“އަދި މިއުޅެނީ އަނގައިންވެސް ނުބުނެވިގެން، އެކަމަކު ތިއެހީ ކީއްކުރަންހޭ ގުޅަނީ” އައްޔަދުގެ އަޑު ޔޫހާގެ ކަންފަތުގައި ޖެހުނެވެ.

“ކާކު” ޔޫހާއަށް އަހާލެވުނެވެ.

“އަޔާ…ހީކުރީ އަޑުއިވުނީމަ އެނގޭނެކަމަށް، ނުބައި ގަޑިއެއްގަ ދޯ މިގުޅުނީ، ހީވަނީ ވަރަށް މޫޑުގޯސްވެފަ ހުރި ގަޑިއެއްހެން” އައްޔަދު ބުނެލިއަޑުއިވުނެވެ.

“އައްޔަދު، ކިހިނެއް މިނަންބަރު ހޯދީ” ޔޫހާގެ ހިތްހަމަނުޖެހުން ހައިރާންކަމަށް ބަދަލުވެގެންދިޔައެވެ.

“ހޯދަން އުޅޭމީހަކަށް ނުލިބޭނެ އެއްޗެއް ނޯންނާނެދޯ، ދެން ނަސީބުވެސް ރަނގަޅީ”  އައްޔަދު ބުނެލިއެވެ.

“ސީރިއަސްކޮއް ބުނެބަލަ، ކިހިނެއް މަގޭ ނަންބަރު ހޯދީ” ޔޫހާ ސިޓިންރޫމުގައި ހުރި ކޮތަޅުތައް އޭނަގެ ކޮޓަރިއަށް ވައްދަމުން ފޯނުން ވާހަކަދެއްކިއެވެ. ކުއްލިއަކަށް އޭނަގެ މޫޑު ބަދަލުވެގެން ދިޔައީ ކީއްވެކަމެއްނޭގެއެވެ.

“ރިސެޕްޝަންގަ އިންކުއްޖާ ދިނީ ނަންބަރު” އައްޔަދު މިހެންބުނީ ހީލާފައެވެ.

“ނޫން، ގަބޫލެއްނުކުރާނަން، ރިސެޕްޝަނަކުން އަހަރެންގެ ނަންބަރެއް ނުލިބޭނެކަން ޔަގީން، އެހެން ގޮތަކުން އައްޔަދު އަހަރެންގެ ނަންބަރު ތިހޯދީ، ކާކު ދިނީ މިނަންބަރު، އެހާ ގިނަމީހުންނަކަށް ނޭގޭނެ މިނަންބަރެއް” ޔޫހާވެސް ހީލާފައި އިންކާރުކުރިއެވެ. އޭނައަށް އައްޔަދުގެ އަޑުޖެހުމާއިއެކު ސިފަވެގެންދިޔައީ އޭނަގެ ސަކަގޮތްގަޑެވެ.

“ދޮގެއްނޫނޭ މިބުނީ…” އައްޔަދު ޔޫހާގެ ނަންބަރު ހޯދިގޮތް ކިޔާދިނެވެ. އައްޔަދުގެ އެމޮޅުހިޔާލަށް ޔޫހާ ފާޑުކިޔެވެ. އަދި އޭނައަށް ގުޅަނީ ކީއްކުރަންތޯ ސުވާލުކުރިއެވެ. އައްޔަދު ބޭނުންވީ ޔޫހާ އާއި ވާހަކަދައްކާލާށެވެ. އޭނަ ޔޫހާގެ ގާތުން އެކަމުގެ ހުއްދައަކަށް އެދުނެވެ.

“ދެން ބުނެބަލަ އާއެކޭ، އަހަރެން ގުޅާލިޔަސް އެންމެ ރަނގަޅޭ” އައްޔަދު އާދޭހުގެ ރާގެއްގައި ބުނެލިއެވެ.

“އަޔާ ހީކުރަނީ އަހަރެން މީ ކޮންކަހަލަ އަންހެނެއް ކަމަށްތަ، އަހަރެން ފޯނުން މީހުންނާ ވާހަކަދައްކައެއްނޫޅެން، އަދި އެވެސް ނުދަންނަ މީހުންނާ” ޔޫހާ ބުނެލިއެވެ. ޔޫހާ އޭނަގެ އަމިއްލަގޮތުގައި ހިފަހައްޓަން ބޭނުންވިޔަސް އެކަމެއްނުވިއެވެ. އައްޔަދުގެ އަޑުގައި އެކުލެވިފައިވަނީ ބުނެދޭންނޭގޭ ގޮތްތަކެކެވެ. އޭނަގެ ވާހަކަދެއްކުމުގެ ރާގުގައި ޔޫހާ ހިތްހަމަޖެހޭފަދަ ގޮތްތަކެއް އެކުލެވިފައިވެއެވެ.

“ފުރަތަމަ ދެމީހުން ދިމާވާއިރު ނޭގޭނެ ދޯ ދެމީހުންނަކީވެސް ކޮންކަހަލަ މިޒާޖެއްގެ ދެމީހުންކަމެއް، އަހަރެން ބޭނުން ޔޫހާގެ ހުއްދައާއިއެކު ރަހުމަތްތެރިކަމުގެ ގުޅުމެއް ބާއްވަން، އަދި ހަމަގައިމުވެސް ޔޫހާއަކަށް އަހަރެން ޖަޖްއެއް ނުކުރަން، އަހަންނަކީ ފޮތުގެ ބޭރުގަނޑު ފެންނައިރަށް ފާޑުކިޔަން އާދެވެފައިވާ މީހެއްނޫން، އަހަރެން ބޭނުންވާނެ އެފޮތުގައިވާ އެއްޗެއް އޮޅުންފިލުވުމަށްވެސް….ދެން….ދެން އެފޮތް އަމިއްލަ ކުރުމީ އަދި މާފަހުގެ ކަމެއްތާ ދޯ…ބައި ދަވޭ އައި ޑޫ ރެސްޕެކްޓް ވުމެން އަލޮޓް، އަހަރެން މަންމަ ކިޔަނީވެސް އަންހެނަކަށް، އެހެންވީމަ އަންހެނުންނަށް ގަދަރުކުރުމަކީ ކޮބާކަން ވަރަށް ރަނގަޅަށް އެނގޭ” އައްޔަދު މިހެން ބުނެލުމާއިއެކު ޔޫހާ ހީލިއަޑު އިވުނެވެ.

“ދެން އެންމެ ރަނގަޅޭ، މިހާރު ވާހަކަދެއްކޭކަށްނެތް، އެހެންނޫނަސް ކީއްވެ އަހަންނާ ތިހާ ވާހަކަދައްކާ ހިތުން ތިއުޅެނީ” ޔޫހާ ބުނެލިއެވެ.

“ތިހުރިހާ ސުވާލަކަށް ޖަވާބުދޭކަށް އަހަންނަކަށް ނޭގެ، އެނގޭހާވެސް އެއްޗަކީ އަހަރެން ޔޫހާ އާއި ވާހަކަދައްކާ ހިތްވާކަން، އަދި ފޯނުން ތިއަޑުއިވުމުން ކުރިއަށްވުރެވެސް ޝައުގުވެރިކަމެއް ދެވިއްޖެކަން….އެހެންވީމަ މިވަގުތު ބާއްވާލާށޭ ދޯ ތިބުނީ، އެކަމަކު ފަހުން ގުޅާލާނަން އެނގޭ” އައްޔަދު ބުނެލިއެވެ.

“އަހަރެން އެހާ ދަންވަރު މީހުންނާ ވާހަކަދައްކައެއް ނޫޅެން” ޔޫހާ ބުނެލިއެވެ.

“ދަންވަރަކު ނޫނޭ ގުޅާނީ، އޯކޭ އެއްނު، ދެންމިރޭ ޑިއުޓީއަށް އައީ މަ ދިމާވާނެއެއްނު، ރިސެޕްޝަނުގަ އިން ކުއްޖާ ބުނި މިރެޔޭ ދެން ޔޫހާގެ ޑިއުޓީ ފެށޭނީ” އައްޔަދުއަށް އެކަންވެސް އެނގޭކަން އަންގާލިއެވެ.

“އެހެންތަ، ހާދަ ކަންތައްތަކެއް އޮޅުން ފިލުވާލައިފި އޭ ދޯ….ދެން ބާއްވަނީ” ޔޫހާ ހިނިއައިސްފައި ހުރެ ބުނެލިއެވެ.

“އޯކޭ….ބާއި…..ސީ ޔޫ ބިއުޓިފުލް ލޭޑީ” މިހެން ބުނެ އައްޔަދުގެ ކޯލު ނިންމާލައިފިއެވެ. އޭނަވެސް ހުރީ ވަރަށް ހިނިއައިސްފައެވެ. ހޮޓެލްގެ ކައުމަށް އިންސާފުކުރަންފެށީ ދެނެވެ. ރަހަތައް ވަރަށް ހެޔޮވެފައި ވަރަށް މީރެވެ. ކާންތައްޔާރުކުރަނީ މޮޅު ޝެފެއްކަން އައްޔަދުއަށް ޔަގީންވިއެވެ. އޭނަ ކެއުން ނިންމާލާފައި ހޮޓެލްގެ އެކި ސަރަހައްދުތައް ބަލާލުމުގައި އުޅުނެވެ. ހޮޓެލުގެ ރެސްޓޯރެންޓުގައި ތިބި ބައެއް ގެސްޓުންނާއި ވާހަކަދައްކާ ހެދިއެވެ. އޭގެ ތެރެއިން ބައެއްމީހުންނަކީ އެހޮޓެލްގައި ދެތިން ހަތަރު ފަހަރަށް މަޑުކޮއްފައިވާ މީހުންނެވެ. އައްޔަދުގެ ސިކުނޑީގައި ހުރިހާ ކަމެއް ނޯޓު ކުރަމުންދިޔައެވެ. އޭނަ ތަނުގެ މުވައްޒަފުންނާއި އެމީހުންގެ ހަރަކާތްތަކަށްވެސް ނަޒަރުހިންގިއެވެ.

އޮފީހަށް ވަނުމާއިއެކު ޒައުލްގެ ގާތަށް ރަމީޒު އައިސް ހުއްޓުނެވެ. އަދި ގާރޑަންވިއުގެ ކަންތައް ކުރިއަށް ގެންދަންވީ ކިހިނެއްތޯ ސުވާލުކުރިއެވެ. އެކަން ފައުޒީވަނީ އޭނަ އާއި ހަވާލުކޮށް އަދި މިއަދު ފައުޒީ އޮފީހަށް ނައިސް އޭނަގެ ފޯނުވެސް ނިއްވާލާފައި ވުމުން އޭނަގެ ފަރާތުން އެކަން ކުރިއަށް ގެންދާނެ ގޮތެއް ނޭގިފައިވާކަމަށްވެސް ބުންޏެވެ.

“ރަމީޒް، ފައުޒީ ދެން ނާންނާނެ، ރަމީޒުކޮއްދޭންވީ ކަމަކީ ހުރިހާ ހޮޓެލްތަކެއްގައި މަސައްކަތްކުރާ ސްޓާފުންގެ ތެރެއިން ވަޒީފާގެ ކުރިއެރުން ލިބެންޖެހޭ، އަދި މަސައްކަތަށް ފަރުވާ ބަހައްޓާ ސްޓާފުންގެ ލިސްޓެއް އަހަންނަށް ގެނެސްދޭންވީ، އޭގެ ތެރޭގައި ސީނިއަރ މީހުންގެ ނަންތައްވެސް ހިމަނަންވާނެ…އެންމެންގެ ހާޟިރީ ރިކޯރޑްސްއަށްވެސް ބަލަންވާނެ” ޒައުލް ބުނެލިއެވެ. އޭނަގެ މަސައްކަތްތައް ފެށުމަށް އަވަސްވެގަތެވެ. ރަމީޒު ނުކުމެގެން ދިއުމާއިއެކު ޒައުލް އަވަސް އަވަހަށް އޮންދަވޭ ހޮޓެލްއަށް ގުޅާލިއެވެ. އަދި ޝާއިން އާއި ބައްދަލުކުރަން ބޭނުންވާކަމަށާއި ބައްދަލުކޮއްލުމަށް އެއޮފީހަށް އައިސްދިނުމަށް އެދުނެވެ. ޝާއިންގެ ފޯނު ނިންމާލުމަށްފަހު އަނެއްކާވެސް ޒައުލް ގުޅާލީ ރަމީޒުއަށެވެ. އޭނަ އާއި ހަވާލުކުރި މަސައްކަތް ހަވީރު ފަހެއްޖަހަންވާއިރަށް ނިންމާލުމަށެވެ. ދެދުވަސްތެރޭ ގާޑަންވިއުއަށް ބޭނުންވާނެ ހުރިހާ މުވައްޒަފުންނާއިއެކު އެހޮޓެލް ހުޅުވަން ޒައުލް ބޭނުންވިއެވެ.

ހުރިހާ ކޮތަޅުތަކެއް ކޮޓަރިއަށް ވެއްދުމަށްފަހު ޔޫހާ އެނދުގައި އޮށޯވެލީ ވަރުބަލިވެގެންނެވެ. އޭނަ ރޭގެ ޑިއުޓީ ނިންމާފަ އައިފަހުން އެއުޅެނީ ނުދިއެވެ. އެހެންވެ ފޯނު އެލާމް ކޮއްލުމަށްފަހު ބާލީސް ކައިރީ ފޯނު ބާއްވާލުމަށްފަހު ޒައުލް އޭނައަށް ދިން ފޯނުވެސް ބާލީސް ކައިރީ ބާއްވާލާފައި ދެލޯ މަރާލިއެވެ. ވަރުބަލިކަމުގެ ތެރެއިންވެސް ޔޫހާގެ މަރާލި ދެލޮލުގެ ނޫރުފަަދައިން އަލިވެގެން ދިޔައީ ޒައުލްގެ މޫނެވެ. ޔޫހާގެ ތިންފަތަށް ހިނިތުންވުމެއްވެރިވެގެންދިޔައެވެ. އެހިނިތުންވުމާއިއެކު އަރާމުނިދީގެ ތެރެއަށް ގެނބިގެން ދިޔައެވެ. އަފްލީން އައިސް ދޮރުހުޅުވާލި ކަމެއްވެސް ޔޫހާއަކަށް ނޭގެއެވެ.

“ކިޔާން، ކޮއްކޮގެ ޑެޑީތަ މިއަދު އައިސް ހުރީ” އަފްލީން ކިޔާންގެ ކައިރީ އިށީނދެލަމުން އަހާލިއެވެ. ކުޅޭ އެއްޗެހިތައް ކައިރިކޮއްލައިގެން ކުޅެން އިން ކިޔާން އަވަސް އަވަހަށް ބޯޖަހާލިއެވެ.

ގޭގެ ޓެރެސްގަ ސޯފާގައި އިން މަންސޫރު ފޯނުން ވާހަކަދައްކަމުންދިޔައީ ސަމަދުއާއިއެވެ. ހިނިއައިސްފައި އިންގޮތުން ހީވަނީ އެދެމެދުގައި ދެކެވެމުންދިޔަ ވާހަކަތަށް ކުރިއަށްދަނީ މަންސޫރު ބޭނުންވާގޮތަށްކަމެވެ.

“އަޅުގަނޑަށްވެސް ހާޒިމްގެ އުޅުމަށް ބަދަލުތަކެއް އަންނަކަން ފާހަގަ ކުރެވުނު، އެކަމަކު އެއްފަހަރުވެސް ހިތަށް ނާރާ މަންސޫރުގެ ކުއްޖަކާ ގުޅުން ހުރެދާނެކަމަށް، މަންސޫރަށް ފެނިލައްވާ ގޮތެއް ހަމައެންމެ ރަނގަޅު، ކައިވެންޏަށް ތައްޔާރުވާންވީ، އަޅުގަނޑު ހާޒިމް އާއި ތިވާހަކަ ދައްކާނަން މިރޭ، އޭނަވެސް ހުންނާނީ ވަރަށް އުފަލުންކަން ޔަގީން، އެންމެ އުފާވަނީ އަޅުގަނޑުގެ އާއިލާގެ މެމްބަރެއްގެ ގޮތުގައި މަންސޫރުގެ ދަރިއަކު އިތުރުވެގެންދާނެތީވެ” ސަމަދު ފޯނުން ބުނެލިއެވެ. މަންސޫރު ލާއިގާގެ އެދުމުގެވެސް މަތިން އެމީހުންގެ ދޮށީދަރިފުޅު ލޫލުއާގެ ކައިވެނި ހަމަޖެހިފައިވާގޮތް ކިޔާދިނެވެ.

ހަވީރު ޑިއުޓީ ނިންމާލާފައި އައިސް ޝާއިންވަނީ ޕާކްވިއު ހޮޓެލަށެވެ. އަދި އޭނަ އެތަނުގެ މުވައްޒަފެއްގެ އެހީގައި ޒައުލްގެ އޮފީހަށް ދިޔައެވެ.

“ގުޑް އީވްނިންގ…” ޝާއިން ޒައުލްގެ ކެބިންއަށް ވަންނަމުން ބުނެލިއެވެ.

“ޔެސް…ޝާއިން ދޯ، ތިއައީތަ؟” ދޮރާދިމާލަށް ބަލާލި ޒައުލް ބުނެލިއެވެ. އޭރު އޭނަ އިނީ އެކެބިންގެ އެއްފަރާތުގައި ހުރި ސޯފާގައި އިށީނދެލައިގެން ފައިލްތަކެއް ބަލާށެވެ.

“ލައްބަ…” ކިޔަމަންތެރިކަމާއިއެކު ކުޑަކޮށް ހާސްވެހުރެ ޝާއިން ބުނެލިއެވެ.

“ހިނގާ ދޯ ރެސްޓޯރެންޓާއި ދިމާލަށް، ސައިތައްޓެއް ބޯލަން، އެތާ ތިބެ ވާހަކަ ދައްކާނީ” ޒައުލް ތެދުވަމުން ބުނެލިއެވެ. އަދި ޝާއިން އާއި ދެމީހުން ހޮޓެލްގެ ރެސްޓޯރަންޓަށް ދިއުމަށް ހިނގައިގަތެވެ.

ހޮޓެލްގެ ރެސްޓޯރެންޓުގަ އެއްފަރާތެއްހުރި ހުސްމޭޒެއްގެ ކައިރިއަށް ޒައުލް ކައިރިވެލަމުން ގޮނޑި ދަމާލާފައި އިށީނެވެ. އޭނަ އާއިއެކު ޝާއިންވެސް އެމޭޒުގެ ކައިރީ އިށީނެވެ. ޒައުލް ފެނުމާއިއެކު އެތަނުގެ މުވައްޒަފަކު އެމީހުންގެ ކައިރިއަށް އަވަހަށް އަތުވެއްޖެއެވެ. ޒައުލް ބޭނުންވީ ހަމައެކަނި ކޮފީތައްޓެކެވެ. އޭނަ ޝާއިން ބޭނުން އެއްޗަކަށް އޯޑާރ ކުރުމުގެ އިޙްތިޔާރު ދިނެވެ.

“ކޮންކަމަކު ތޯ ކުއްލިގޮތަކަށް އަޅުގަނޑާއި ބައްދަލުކުރަން ބޭނުންވީ” ޝާއިން ސުވާލުކުރީ އިތުރަށް މަޑުކުރަން ބޭނުންނުވެގެންނެވެ.

“މާގިނަ ވާހަކަތަކެއް އަހަރެން ދައްކާކަށް ނޫޅެން، އަހަރެން ޝާއިން ގެނައީ މަތީ ޕޯސްޓެއް ދޭންވެގެން، ޝާއިން ގަބޫލު ކުރާނަންތޯ އަހަން” ޒައުލް ބުނެލިއެވެ.

“ކޮން ޕޯސްޓެއް ތޯ” ހައިރާންކަމާއިއެކު ޝާއިން އަށް އަހާލެވުނެވެ.

“ގާރޑަންވިއުގެ ސީނިއަރ މެނޭޖަރކަން، މިބުނީ އަހަރެންގެ ދަށުން ހުރިހާ ޑިޕާރޓްމެންޓެއް ހިންގާނީ އޭރުން ޝާއިން، ނޫނީ މިހޮޓެލްގަވެސް ހަމަ އެޕޯސްޓަށް، މިދެ އޮފަރއިން ބޭނުން ތަނެއް ހިޔާރު ކުރޭ….ފައުޒީގެ ޕޯސްޓުވެސްވަނީ މިހާރު ހުސްވެފަ، އެމަގާމަށްވެސް މީހަކު އަހަރެން ބޭނުންވޭ، ޝާއިންއަށް އަހަރެން އިތުބާރު ކުރަން ބޭނުންވާތީ މި ފަދަ ޑިިޒިޝަންއެއް މިނެގީ….” ޒައުލް ބުނެލިއެވެ. ޝާއިންއަށް ބުނާނެ އެއްޗެއް ނޭގުނެވެ. މަގާމު މަތިވުމުން އުފާވެސްވިއެވެ. އަދި ފައުޒީގެ ވަޒީފާ ގެއްލުނީކަން އެނގުމުން އެކަމާ ދެރަވެސްވިއެވެ.

“އަޅުގަނޑު ސުވާލެއް ކޮއްލަން ބޭނުން” ޝާއިން ބުނެލިއެވެ.

“މައްސަލައެއްނެތް ކުރިޔަސް، ޝާއިންއަށް ފެންނަ ކޮންމެ ހިޔާލެއް އަހަރެން ކައިރީ ބުނަން ހުއްދަ ނުހޯދިޔަސް އެންމެ ރަނގަޅު، ފެންނަ ގޮތެއް ހަމަ ބުނަންވީ” ޒައުލް ހަމަޖެހިލާފައި އިނދެ ބުނެލިއެވެ.

“ފައުޒީގެ ސަބަބުންތޯ އަޅުގަނޑަށް ކުރިއެރުން ތިދެއްވަނީ، ނޫނީ އަޅުގަނޑުގެ އެފަދަ ގާބިލިއްޔަތެއް ހުރެގެންތޯ” ޝާއިން އަހާލިއެވެ.

“ހެ ހެ ހެ…ފައުޒީއާ ގުޅުމެއްނެތެކޭވެސް ނުބުނެވޭނެ ދޯ، ޝާއިންއަކީ އޭނަގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް ވަރަށް ރަނގަޅު މީހެއްކަން އަހަންނަށް އެނގިފައޮތީ، އަދި އެމީހުންގެ ރައިޓްސްއަށް ފައިޓް ކުރާނެކަންވެސް އަހަންނަށް އެނގުނު ފައުޒީގެ ކެބިންތެރޭ ހިނގާ ދިޔަ ކަންތަކުން، ސޯ ފައުޒީގެ ސަބަބުން އަހަންނަށް އިތުރަށް ޔަގީންވީ ތީ ގާބިލް އިތުބާރު ހިފިދާނެ މީހެއްކަން…ޝާއިން ފައުޒީގެ މަގާމަށް އަންނަން ބޭނުންނުވަންޏާ އެއީ މައްސަލައެއްނޫން، ގާރޑަންވިއުގެ ޕޯސްޓު ބަލައިގަންނަންވީނު، ތިފަދަ ރަނގަޅު މުވައްޒަފުން މަތީ މަގާމުތަކުގައި ތިބެގެން ހޮޓެލްތައް ހިންގޭނީވެސް” ޒައުލް ހީލާފައި ތައުރީފުގެ ގޮތުން ބުނެލިއެވެ. ޝާއިންވެސް ހިނިތުންވެލިއެވެ. ޒައުލްއަކީ ފޮނިގޮތެއް ހުންނަ މީހެއްކަމަށް ދެއްކިޔަސް އޭނަ އާއި ގާތުން ވާހަކަދައްކާލައިފިނަމަ ރަނގަޅު ގޮތްތަކެއްވެސް ހުންނަ މީހެއްކަން އެނގޭނެއެވެ.

ޝާއިންއަށް ގެއަށް އާދެވުނު އިރު އިރުއޮއްސިއްޖެއެެވެ. ސިޓިން ރޫމުގައި ހުޅުވާފައި ހުރި ޓީވީ އިން މަޤްރިބު ނަމާދު ބަންގިގޮވާއަޑުއިވުނެވެ. އެތެރެއަށްވަތްއިރު ހުޅުވިފައިވާ ޔޫހާގެ ކޮޓަރިތެރެއިން ޔޫހާ އާއި ކިޔާންގެ އަޑުއިވެމުންދިޔައެވެ. ކޮޓަރިއަށް ވަންނަން ހިތަށް އަރާފަވެސް ޝާއިން ގާތްވެލީ ޔޫހާގެ ކޮޓަރިއަށެވެ.

އައްޔަދު ޒާރާނާ އާއި ވާހަކަދައްކަމުން ދިޔައީ ފޯނުންނެވެ. ޒަރާނާ އާދޭސް ކުރަމުންދިޔައީ ގެއަށް އައުމަށެވެ. އޭރު އާފާގު އައްޔަދު ކައިރީ ބުނެފައިވަނީ ކުރަން ބޭނުންވި ކަންތައް ނިންމާފައި ނޫނީ ނައުމަށެވެ. އަނެއްކޮޅުން މިރޭ ޔޫހާ އާއި ބައްދަލުވާނެތީ އޭނަ ހުރީ އުފަލުންނެވެ. ހޮޓެލްގެ ކަންތައްތައް ހުރި ގޮތް އައްޔަދު އޭނަގެ ބައްޕަ އާފާގުއަށް ކިޔާދިނެވެ. އަދި ތަނުގެ މުވައްޒަފުންނާއި ހޮޓެލްގެ ޔުނީފޯމްތައް ފަރުމާކޮއްފައިވާލެއް ރީތިކަމުގެ ވާހަކަތައް ދެއްކިއެވެ. ގިނަ ގިނަ ހިޔާލުތައް އެދެބަފައިން ބަދަލުކުރިއެވެ. ހޮޓެލްގެ ބޮޑުމީހަކާ ދިމާވިތޯ އާފާގު ސުވާލުކުރިއެވެ.

“ބައްޕާ، މިހާރު ހޮޓެލްތަކާ ހަވަލުވެގެން ހުންނަނީ މަންސޫރުގެ ދަރި ޒައުލްކަމަށްވަނީ، އަދި އެމީހަކު އަޅުގަނޑު ނުދެކެން މިތަނުން، އޭނަ ގިވަގުތު ހޭދަކުރަނީ މިތަނުގަކަމަށްވަނީ، އޭނައަށް ޚާއްޞަ ކުރެވިފައިވާ ކޮޓަރިއެއްވެސް މިތަނުގަ ހުރޭ، ވަރަށް ރީތި ކުދިން އުޅޭތަނެއް މީ، އައެމް ރިއަލީ އިންޖޯއިން….އައި މެޓް ސަމްވަން ހިއަރ…” އައްޔަދު އާފާގެ ކައިރި ފޯނުން ބުނެލިއެވެ. އޭނަ ޔޫހާ އާއި ދިމާވިގޮތުގެ ވާހަކަ އާފާގުއަށް ކިޔާދިނެވެ. އަދި ޔޫހާގެ ރީތިކަމާއި އޭނަގެ ވާހަކަދެއްކުން ހުންނަ ގޮތާއި މިނޫންވެސް އެތަށް ތައުރީފެއް އޭނަ ޔޫހާއަށް ކުރިއެވެ. ހީލާފައި އާފާގު އަޑުއަހަން ހުރިއިރު އޭނަގެ ދަރިފުޅަށް ވަރަށް ޚާއްޞަ އަންހެން ކުއްޖަކާ ދިމާވެއްޖަކަން ޔަގީންވިއެވެ. އެހެންނަމަވެސް ނަސޭހަތްތެރިވިއެވެ. މިދާއިރާގައި އުޅުން ވިޔާނުދާ އަންހެން ކުދިންވެސް އުޅޭކަމުގަ އާއި ކޮންމެ ކޮންމެ އަންހެން ކުއްޖަކާ ގާތްނުވުމަށެވެ. ރަޙުމަތްތެރިކަންވެސް ނުބޭވުމަށެވެ.

“އަހަރުމެންގެ އައްޔަދު މާލެ އައިތާ އަދި ގިނަދުވަހެއްނުވޭ، އެކަމަކު މިހާ އަވަހަށް އޭނަ ކަމެއް ފައްޓަންވެގެން ކަންނޭގެ އެއުޅެނީ…” ރޭގަނޑުގެ ކައުމަށް ކާމޭޒުކައިރީ އިން އާފާގު ބުނެލިއެވެ.

“ތިބުނިއެއްޗެއް އަދި އަހަންނަކަށް ނުވިސްނުނު” ޒަރާނާވެސް އައިސް އާފާގުގެ ކައިރީ އިށިންނަމުން ބުނެލިއެވެ.

“އެކުއްޖާއަށް ކިޔަނީ ޔޫހާ…އޭނަ އެއަންހެން ކުއްޖާއަށް ތައުރީފުކުރިވަރު ޒަރާއަށް އަޑުއިވުނުނަމައޭ އަހަރެން ހިތަށް އަރާ” އާފާގު ބުނެލިއެވެ.

“ކޮބާ އެންމެފަހުން ދެން ނުވާންވި ކަންތައްވެސް އެވަނީ….ކޮންކަހަލަ އަންހެން ކުދިންނެއް ކަމެއްވެސް ނޭގެ އެތަންތަނުގަ އުޅެނީ، އައްޔަދު އެފަދަ ކުއްޖަކާ ގުޅެފިނަމަ އުޅެވޭނީ ކޮންމެވެސް ވިޔާނުދާ ގޮތަކަށް، އޭނަ ގެއަށްގެންނަން އުޅޭ، އާފާގު ބުނެގެން އައްޔަދު އެ ހޮޓެލުގަ މަޑުކުރަނީ” ޒަރާނާ އާފާގެ ތައްޓަށް ކާއެއްޗެހި އަޅާދެމުން ބުނެލިއެވެ. އޭނަ ކުޑަކޮށް ހިތްހަމަނުޖެހުނު ގޮތްވެސް އާފާގުއަށް ދައްކާލިއެވެ. އާފާގު ލުއި ހީލުމަކުން އެކަންފ

ގޭތެރޭގައި ކިޔާންގެ ހަލަބޮލިކަން ފެނި ސުވާލު އުފެދިފައިވާ ޝާއިންއަށް އެނގުނުހާވެސް އެއްޗަކީ ކިޔާންގެ ބައްޕަ އެގެއަށް އައިކެމެވެ. އޭނަ ޔޫހާގެ ގާތުގައި ޑިއުޓީއަށް ދިއުމުގެ ކުރިން އޭނަ އާއި ވާހަކަދައްކާލަން ވަގުތުކޮޅެއް ހުސްކޮއްދިނުމަށް އެދިފައިވެއެވެ. ޔޫހާ ކިޔާން ގޮވައިގެން ސްކޫލުން ގެއަށް އައިއްސުރެން ހުންނަނީ ނޭވާ ހިފަހައްޓާލައިގެންނެވެ. އަފްލީންގެ ހިމޭނުންނޯންނަ ދޫ ހަރަކާތްކުރާނީ ކޮންވަގުތަކުކަމެއް ނޭގޭތީއެވެ. ޝާއިންގެ ކައިރީ ބުނާއެންމެ ލަފްޒަކުން ހުރިހާ ކަމެއް ބަދަލުވެގެން ހިނގައިދާނެއެވެ. އަނެއްކޮޅުން އަފްލީން ކައިރީ ޒައުލް އައިވާހަކަ ޝާއިން ކައިރީ ނުބުނައްޗޭ ބުނެފިނަމަ ދެން ކުރާ ސުވާލުތައް މާގިނަވާނެއެވެ. ހަދާނެގޮތެއް ނޭގި ވިސްނުމުގެ ތެރެއަށް ގެއްލިފައި ހުރެ ޝާއިންއަށް ކާންގޮވިއެވެ. ސިޓިން ރޫމުގައި ޓީވީ ބަލަން އިން ޝާއިން ކާން އަންނަމުން އަފްލީންގެ ކޮޓަރި އާއި ގާތްކޮއްލަމުން އޭނައަށްވެސް ކާންއައުމަށް ބުންޏެވެ.

“ރޭގަ ނޭގެ ކީއްވެކަމެއް، ދަންވަރު ހޭލެވުނީ ވަރަށް ބަނޑުހައިވެގެން…” ގޮނޑިއެއް ދަމާލާފައި ކާމޭޒު ކައިރީ އިށިންނަމުން ޝާއިން ބުނެލިއެވެ. އޭރު ފޯނުގެ ފިއްތަކަށް އޮބަމުން އަފްލީން ކާމޭޒުގެ ކައިރިއަށް ހުރެ އާދެއެވެ.

“މިހާރު އަފޫ އަބަދު ފޯނުގަ ހުންނަތަން ފެންނަނީ، ކީއްވެތަ؟ ފިލާވަޅުތަކަށް ދޭންވާ ސަމާލުކަން ދެންތަ؟” ޝާއިން އަފްލީންއަށް ބުނެލިއެވެ.

“ކަމޯން ދޮންބޭ، އެފް.ބީއަށް ވަދެލިއްޔޭ….މިފަހަރުވެސް ރިޒަލްޓް ހިފައިގެން އަންނަދުވަހު ދޮންބެ އާއި ޔޫހާ ހުރޭ އަހަންނަށް ގިފްޓްދޭން ތައްޔާރަށް، ތިއެއްނޫނޭ….މިހާރު މިގޭތެރޭގަ ހާދަ ކަންތަކެއް ހިނގައޭ ދޯ” އަފްލީން ޝާއިން އަށާއި ޔޫހާއަށް ބަލާލަމުން ބުނެލިއެވެ. ޔޫހާވެސް އެމީހުންނާއިއެކު ކެއުމުގައި ބައިވެރިވަމުންދިޔައެވެ.

“ހޫމް ހޫމް…މައުލޫބަދަލުކޮއްލަނީ ދޯ، އަވަހަށް ކައިގެން ދޭ ފިލާވަޅު ދަސްކުރަން، އަވަހަށް ނިދާތި، އެފް.ބީއަށް ވަދެ ނޯންނާތި” ޝާއިން އަނގަފުރިފައިވިއެއްކަމަކު ބުނެލިއެވެ. އަފްލީން ހީލާފައި ކާންފެށިއެވެ.

“ކިޔާންގެ ބައްޕަ މިއަދު އައި މިގެއަށް” އިސްޖަހާލައިގެން ކާންއިން އަފްލީން ކުއްލިއަކަށް ބުނެލިއެވެ. ޝާއިންއަށްވެސް އަވަސް ނަޒަރެއްހުއްޓާލެވުނީ ޔޫހާއަށެވެ. އޭނަ އެއްވެސް އެއްޗެއް ނުބުނެ ކެއުން ކުރިއަށް ގެންދިއުމުން އަފްލީން އަނެއްކާވެސް ވާހަކަދެއްކިއެވެ.

“ކާކުގެ ފޯންކޯލެއްތަ ދޮންބެއަށް މިހާރު އެއަންނަނީ، އަނެއްކާ ދޮންބެވެސް ގާލްފްރެންޑެއް ހޯދީތަ؟….އެހާ ސްޕެޝަލް ފޯންކޯލެއްވީމަތަ ދޮންބެ ސިޓިންރޫމުގަ އިނދެފަ ކޮޓަރިއަށް ދަނީ، ކީއްވެތަ އެކަކުވެސް އަހަރެން ކައިރީ އެއްވެސް ވާހަކައެއް ނުބުނަނީ، އައިމް އޯލްސޯ ފެމިލީއެއްނު، އެކަމަކު ބުނާނެ އަފޫ ފެމިލީއާ ހުރިހާ ކަމެއް ޝެއަރ ކުރަންވާނެއޭ….” އަފްލީން ބުނެލިއެވެ.

“ނުބުނާކަށް ނޫޅެއޭ އެކަކުވެސް، ދޯ ޔޫހާ…އަސްލު އެވާހަކަވެސް ދައްކަން ބޭނުންވެފަ މިހުރީ، މިވީ ގޮތުން ދެން އެވާހަކަ ދައްކަންވެސް އެބަޖެހޭ، ޔޫހާ، އަފޫ…އަހަރެން އުޅެނީ ކުއްޖަކާ ރައްޓެހިވެގެން، އެހާދުވަހެއް އަދިނުވޭ، އެކަމަކު އަހަރެން އަދި ބޭނުމެއްނުވޭ އޭނަ މިގެއަށް ގެންނާކަށް” ޝާއިން ހިނިއައިސްފައި އިނދެ ބުނެލިއެވެ.

“އެއީ ކީއްވެ، އަހަރުމެންނަށް ކަމުނުގޮސްދާނެތީތަ؟” އަފްލީން ހިނިއައިސްފައި އިތުރަށް ސުވާލުކުރަން ބޭނުންވިއެވެ.

“މިވަގުތަށް މިވަރުން ފުދޭނެ، ހެ ހެ ހެ….” މިހެންބުނެ ޝާއިން ހޭންފެށިއެވެ. ޔޫހާ ބަހެއްވެސް ނުބުނެ ހިނިއައިސްފައި އިނީ އަފްލީން ޒައުލްގެ ވާހަކަ ފަށާފާނެތީއެވެ. އޭނަ އެއްޗެއް ބުނުންކަން ލަސްވާނީ ހުދު އޭނައަށްވެސް އެނގެއެވެ. ނަމަވެސް އަފްލީންގެ ދުލުން ޒައުލްގެ ނަން ނުކުމެއްޖެއެވެ. ޝާއިން ބޯންނެގި ފެންތަށިވެސް އަލުން މޭޒުގައި އޭނަ ބެހެއްޓިއެވެ.

“ކިޔާން ކީއްވެތަ ޒައުލްއަށް ޑެޑީ ކިޔަނީ، އޭނަ އުޅެނީ ޔޫހާ އާއި ހެދި ދޯ….މައި ގޯޑް، އަހަންނަށް ގަބޫލެއްވެސް ނުކުރެވުނު ގެއަށް އައިއިރު އޭނަ އިންތަން ފެނުމުން، ދޮންބޭ، ޒައުލް ސަޅި ދޯ…” އަފްލީންގެ އަޑުގައިވަނީ އުފާވެރިކަމެވެ. ޒައުލް ފަދަ މީހެއްގެ ދިރިއުޅުމަށް ޔޫހާފަދަ އަންހެން ކުއްޖަކު ގެންނަން ބޭނުންވުމީ އެކަމެއްގައި ސިއްރުތަކެއް ވާނެކަމެއްކަން އަފްލީން ގަބޫލުކުރެެވެ. އޭނަ ކެތްތެރިކަން ކުޑަވެފައިވަނީ ޒައުލް އެހާ ގާތްކޮށް ޔޫހާ އާއިމެދު ދެކެނީ ހަގީގަތުގަވެސް ކިޔާންއަކީ ޒައުލްގެ ދަރިއަކަށްވީމަތޯ އޮޅުންފިލުވުމަށެވެ. އެސިއްރުގެ ހަގީގަތް ކޮންމެގޮތަކުންވެސް ހޯދުމުގެ ޝައުގުވެރިކަން އޭނަގެ ހިތުގައި އުފެދިފައިވެއެވެ.

“ޕްލީޒް އަފޫ، މިހާރަކު ނޫން…ފަހުން އެވާހަކަ ދައްކާނީ” ޔޫހާއަށް ޝާއިންގެ ހައިރާންކަމުން ފުރިގެންވި ބަލާލުން ފާހަގަކުރެވި ގަދަކަމުން ހިނިތުންވެލާފައި އަފްލީންއަށް ބުނެލިއެވެ. ޝާއިންވެސް ޔޫހާވެސް ބެލީ އަވަސް އަވަހަށް ކާލައިގެން އެތަނުން ދެވޭތޯއެވެ.

އިރުއިރުކޮޅާ ފޯނަށް ބަލާލަ ބަލާލަ ހުރި ޒައުލްގެ ތުންފަތަށްވަނީ ހިނިތުންވުމެއްވެރިވެފައެވެ. ކައިނިމެގެން ޓެރެސްއަށް އޭނައައީ އެކަނިވެލާށެވެ. ފުރިހަމަ ހަނދުވަރުގެ ރީތިކަމުގައި އޭނަ ބައިވެރިވަމުން ދިޔައީ އަނދިރީގައި ހުރެއެވެ. އުޑުގައިވާ ތަރިތަކުގެ ވިދުންވެސް މިރޭ ހަނދުވަރުގެ އަލި ފަނޑުކޮއްލާފައިވާ ކަހަލައެވެ. ޒައުލް އެހަނދާ އަޅާކިޔަމުން ދިޔައީ އޭނަގެ ހިތުގެ ރާނީ އާއެވެ. އޭނަގެ ފަލަކުގައި އަލިކަންފަތުރަމުންދާ ޔޫހާ އާއިއެވެ. ޓެރެސްގައި އޭނަ މަޑުކޮއްލައިގެން ހުރީ ޔޫހާއަށް ގުޅާލަން ހިތަށް އަރައިގެންނެވެ. އެހެންނަމަވެސް ޔޫހާއަށް ގުޅާފަ ދައްކާނީ ކޮންވާހަކައެއް ކަމެއްނޭގޭތީ އާއި އަދި އޭނަ ގުޅުމުން ޔޫހާ އޭނަ އާއި ވާހަކަދައްކާނެބާއޭ ހިތަށް އަރާފައި ފަސްޖެހެވެނީއެވެ.

“ކީއްވެތަ ގުޅަން ނުކުރިގެން ތިއުޅެނީ، ފޯނު ދިނީވެސް އަމިއްލައަށް، ޔޫހާއަށް އެނގޭނެއެއްނު ޒައުލް ގުޅަން ވެގެންކަން ފޯނެއްދިނީ، ކިހިނެއް އެނގެނީ އޭނަވެސް ހުރީ ޒައުލް ގުޅާނެއިރެއްގެ އިންތިޒާރުގަ ނޫންކަމެއްވެސް” ޒައުލްގެ ނަފްސު އޭނަގެ ކައިރީ ބުނެލިކަހަލައެވެ. އެހިތްވަރާއިއެކު ޔޫހާގެ ނަންބަރަށް ގުޅާލިއެވެ. ފޯނު ރިންގުވާއަޑުއިވުމުން ޒައުލްގެ ހިތްއަވަސްވާގޮތްވެ މޭގައި އަތްހާކާލެވުނެވެ. އެރިންގު ކެނޑިގެން ދިޔައިރުވެސް ޔޫހާ ފޯނެއްނުނެގިއެވެ. ވަގުތުން އަނެއްކާވެސް ޔޫހާއަށް ގުޅުނެވެ. އެގޮތަށް ތިންވަނަ ފަހަރަށް ގުޅަންވިއިރު އޭނަގެ މޫނުމަތީގައިވާ ހިނިތުންވުން ގެއްލި ނިތްކުރިއަށް ރޫއަރާ ދެބުމަށް ގުޅިއްޖެއެވެ. ދަތްކުނޑިވިކާލެވުމާއިއެކު އަތުގެތެރޭގައި އޮތް ފޯނު މުށުގެތެރޭ ބާރުކޮއްލިއެވެ.

“ވަޓް ޑޫ ޔޫ ވޯންޓް ފްރޮމް މީ ޔޫހާ…” ޒައުލް އޭނަގެ ކުރިމަތީގައިވާ ރެއިލިންގައި އަތުން ބާރަށް ޖެހިއެވެ.

“ކިހިނެއްވީ، ކަމެއްގޯސްވީތަ، ޔޫހާ އެއީ ކާކުތަ؟ ދަރިފުޅު ޓެރެސްގައި ހުރެދާނެއޭ ހިތާ މިއައީވެސް” ޓެރެސްއަށް ވެރިވެފައިވާ ހަނދުވަރުގެ އަލީގައި އެތަނުގައި މަޑުކޮއްލައިގެން ހުރި ޒައުލްގެ އަޑު މަންސޫރަށް އިވުނެވެ. އެހެންނަމަވެސް މަންސޫރަށް ޒައުލް ބުނިއެއްޗެއް އެއްކޮށް ސާފެއްނުވިއެވެ. ޒައުލްގެ އަތުގައި އޮތް ފޯނުގެ ސްކްރީން ހަލާކުވެފައިވިއެއްކަމަކު އޭނަ ފޯނު ޖީބަށް ލަމުން މަންސޫރު އާއި ވާހަކަދެއްކުމަށް އެނބުރުލިއެވެ. މޫނުމަތީގައިވާ ރުޅިވެރިކަން ހިންދާލަމުންނެވެ. މަންސޫރު ޓެރެސްގައިވާ ސޯފާގައި އިށީނުމާއިއެކު ޒައުލްވެސް ވަކިންއިން ސޯފާގައި އިށީނދެއްޖެއެވެ. މަންސޫރު ޒައުލް އާއި ކުރިއަށްގެންދިޔަ މަޝްވަރާއެއްކަމުގައިވީ ލޫލުއާ އާއި ހާޒިމްގެ ކައިވެނީގެ ވާހަކައެވެ. މަންސޫރުގެ ވާހަކައަށް ހޫން ލައްވަމުން ބޯޖަހަމުންދިޔަ ޒައުލްއަށް ވާހަކައާއި ގަޔާވެވޭގޮތެއްނުވިއެވެ. އެއަށްވުރެ އޭނަގެ ސިކުނޑީގައިވަނީ އެހެންސުވާލެއް އުފެދިފައެވެ. އޭނަ ގުޅުމުން ޔޫހާ ފޯނު ނުނަގަންވީ ސަބަބެވެ. އަނެއްކޮޅުން ބައްޕަ ދައްކަވަމުންދިޔައީ ކައިވެނީގެ ވާހަކައަށްވެފައި އޭނަވެސް ޔޫހާ އާއި ކައިވެނި ކުރަން ބޭނުންވެއެވެ. ވީހާވެސް އަވަހަކަށެވެ. ނަމަވެސް ޔޫހާ އޭނަ އާއި ކައިވެނި ކުރަން ބޭނުންކަމެއް އަދި ނޭގެއެވެ. އެސުވާލުގެ ޖަވާބުވެސް ޒައުލް ބޭނުންވެފައިވެއެވެ. އިންތިޒާރު ކުރުމަކީ އޭނައަށް ވާނެކަމެއްނޫނެވެ. ކުރަން ބޭނުންކަމުގައި ވިޔަސް ސިކުނޑީގައި އުފެދޭ ތަފާތު ހިޔާލުތަކުގެ ސަބަބުން އޭނަގެ ގާތަށް އަންނަނީ ރުޅިއެވެ.

“ހެލޯ، އަނެއްކާވެސް ގުޅީތަ” ރީތިވާ މޭޒުގެ މަތީގައި އޮތް ޒައުލްގެ ފޯނު ނަގަން އުޅެނިކޮށް ޔޫހާގެ ފޯނު ރިންގުވުމުން ހިނިއައިސްފައި ފޯނުނަގާ ކަންފަތާގާތްކޮއްލަމުން ބުނެލިއެވެ.

“އަނެއްކާއޭ ތިބުނީ މީކާކުކަން އެނގިގެންތަ؟” އައްޔަދުވެސް ހިނިއައިސްފައި ވާހަކަދެއްކިއެވެ.

“މި ފޯނަށް މިއަދު އިރުއިރުކޮޅާ ގުޅާ ދެވަނަ މީހަކު ނެއް އަޔާ ނޫނީ، ދައްކާނެ ވާހަކަ ހުހެއްނުވޭތަ ތިވަރަށް ތިގުޅަނީ، އަހަރެން ފްރީއެއްނޫނޭ” ޔޫހާ ބުނެލިއެވެ.

“އަހަރެން ގުޅާނެ އެހެންމީހަކު ނެތޭ، އެހެންވީމަ އިރުއިރުކޮޅާ ގުޅިޔަސް ގުޅަން ހުންނާނީ ހަމަ ޔޫހާއެއްނު، ޔޫހާ، މިރޭ ބްރޭކް ގަޑީގަ އަހަންނާއިއެކު ކޮފީ ބޯން ދާނަންތޯ ރެސްޓޯރެންޓަށް….ދަންވަރު ޑިއުޓީއެއްނު، މަވެސް އުޅޭނީ ހޭލާ، ނިދާލާފަ މިތެދުވީ، ސޯ ޓެލް މީ، ވިލް ޔޫ ގޯ” އައްޔަދު ބުނެލިއެވެ.

“އަހަރެން ހިތަށްއަރާ އައްޔަދުއަށް ގޮތްދޫނުކުރުން ދަސްވީ ކިހިނެއްބާއޭ، ތިހާ ސްޓަބަންވާކަށް ނުވާނެ، އެނގެއެއްނު އަހަރެން ކޮފީ ބޯން ބްރޭކް ގަޑީގަ ނުދާނެކަން، މީހުންނަށް ފެނުނީމަ އެހާ ރަނގަޅެއްނުވާނެ، އަހަންނަކީ ވަރަށް އަމާން އޮމާން ހިމޭން ދިރިއުޅުމަކަށް ލޯބިކުރާ މީހަކީމު، މިހާރުވެސް ހޮޓެލްތެރޭގަ އެކިއެކި ސްޓާފުންނޭ ކިޔައިގެން ދެއްކޭ ވާހަކަތައް މަދެއްނޫން، އައްޔަދު ރިޝްފާ ގޮވައިގެން ދާންވީނު، އޭނަ ވަރަށް ދާހިތްވާނެ، ފަހުންވެސް ބުނި އައްޔަދު ވަރަށް ސްމާޓްވާހަކަ….” ޔޫހާ ޖެއްސުމުގެ ގޮތަކަށް ބުނެލިއެވެ.

“އޯ ނޯ…އޭރުން ކަމަކުނުދާނެ، ޔޫހާ ގެންދަންވެގެންނު މިއެހީ، ދެން މައްސަލައެއްނެއް، ޔޫހާ އެކަނި ދާންބޭނުންނުވަންޏާ ތިދެމީހުން ކޮފީއަށް ދާނީ” އައްޔަދު ބުނެލިއެވެ.

“ދެން ނޫން، އޯކޭ ފަހުން ދޯ އެބަ ގޮވާ ގޭކުއްޖަކު، ބާއްވާލަނީ” ޝާއިން ގޮވާލި އަޑުއިވުމާއިއެކު ބާއްވަނީއޭ ބުނެ ޔޫހާ ފޯނު ކަނޑާލިއެވެ. އަދި ރީތިވާ މޭޒުގެ މަތީ ފޯނު ބޭއްވުމަށްފަހު ކޮޓަރިން ނުކުތެވެ. ޝާއިންގެ ކޮޓަރީގެ ދޮރު ހުޅުވާލާފައިވެއެވެ. ކޮޓަރީގެ ތެރޭގައި ހުރި ޝާއިން ފެނުމުން ޔޫހާ އެކޮޓަރިއަށް ވަނެވެ. ކުޑަ ހިނދުކޮޅަކަށް ދިރިއުޅުމުގެ ހާސްކަމުން މިންޖުވެވުނު ފަދަ އިޙްސާސްއެއް ޔޫހާއަށް ކުރެވިފައިވެސް އެކަން ހިނގައްޖެއެވެ. ޝާއިން ގޮވާލީ ކީއްވެކަން އޭނައަށް އެނގެއެވެ.

“ދޮރުލައްޕާލަބަލަ…” ދޮރާ ދިމާލަށް އެނބުރިލި ޝާއިންއަށް ކޮޓަރިއަށް ވަތް ޔޫހާ ފެނުމުން ބުނެލިއެވެ.

“ޔޫހާ، އަފޫ ދެއްކި ވާހަކައަށް އަހަރެން އެއްޗެއް ނުބުނި ކަމުގައި ވިޔަސް އަހަންނަށް އަޑުއިވުނު، އެކަމާ އެއްޗެއް ބުނުމުގެ ކުރިން އަހާލަން ބޭނުންވަނީ ޒައުލް ހަގީގަތުގަވެސް މިގެއަށް އައީތޯ، އޭނަ ފައުޒީގެ ވާހަކައެއް ޔޫހާ ކައިރީ ދެއްކިތޯ…” ޝާއިންގެ ވާހަކަ ޔޫހާ މެދުކަނޑާލިއެވެ.

“ޝާއިންތަ އޭނަގެ ކައިރީ ފައުޒީގެ ވާހަކަދެއްކީ، ކީއްވެ….އޭނަ އާ ޝާއިން އެއްވެސް ވާހަކައެއް ދައްކާކަށް ނުޖެހޭނެ، އޭނައަށް އެއްވެސް ކަމެއް އެނގޭކަށްވެސް ނުޖެހޭނެ، ޝާއިންއަށް ނޭގުނީތަ އޭނަ ނޫން މީހެއްކައިރީ އެވާހަކަ ދައްކަން” ޔޫހާއަށް ހައިރާންކަމާއިއެކު އަހާލެވުނެވެ. ކުއްލިއަކަށް ޒައުލްއަށް ބަދަލުތަކެއް އެއައީ ޝާއިން އޭނަގެ ކައިރީ ވާހަކަތަކެއް ދައްކައިގެންހެން ޔޫހާއަށް ހީވީއެވެ.

“ޔޫހާ…ހަމަޖެހިބަލަ، އަހަރެން ޒައުލް ކައިރީ ކޮންވާހަކައެއް ދައްކައިގެންތަ، ފައުޒީއޭ ކިޔާފަ އަހަރެން އޭނަ ކައިރީ އެއްވެސް އެއްޗެއް ނުބުނަން، އެކަމަކު އަހަރެން ރައްޓެހި އަންހެން ކުއްޖެއްލައްވާ ފައުޒީއަށް ގުޅުވާފަ ޔަގީން ކުރީ އޭނަތޯ، އަދި އަހަރެން އޭނަގެ ކެބިންއަށް ދިޔަވަގުތާ ޒައުލް ނުކުމެގެން ދިޔަވަގުތާ އިއްތިފާގަކުން އެއްގަޑިއަކަށްވީ، ހިޔެއްނުކުރަން ޒައުލް އެނބުރި ފައުޒީގެ ކެބިންއަށް އަންނާނެއެކޭ، އަހަރެން ފައުޒީ އާއި ދިމާލަށް އެއްޗެހި ކިޔާފަ އޭނަ ބިރުގަންނަވާލަން އުޅުނީ އެކަމަކު ޒައުލް އެކެބިންގެ ދޮރުމަތީ ހުއްޓަދެން ފެނުނީ، އޭނަ ވަގުތުން ބޭނުންވެއްޖެ ކަންވީގޮތް އޮޅުންފިލުވަން، ފައުޒީ ޔޫހާއަށް ގުޅާ ފޯނުވެސް އޭނަ ފައުޒީގެ އަތުން އަތުލި….އަހަރެން ހުރީ ޔޫހާގެ ކައިރީ މިވާހަކަތައް ކިޔާދޭންވެގެން، އެކަމަކު ތިބުނީވިއްޔަ ޒައުލް އަށް އެކަން އެނގުނުކަން އޭނަ އައިސް ބުނެފިޔޭ، އޭނަ އެވާހަކަ ބުނަން މިގެއަށް އައީމަ އަހަންނަށް ގަބޫލު ނުކުރެވެނީ، ދެން އަހަންނަށް ގަބޫލު ނުކުރެވެނީ އެއީ ކިޔާންގެ ބައްޕައަށް ވެދާނެކަމާމެދު، އެހެންވިޔަސް މީ ފުރަތަމަ ފަހަރެއްނޫންދޯ ޒައުލް މިގެއަށް އަންނަ….އަނެއްކާ ޒައުލް އާއި ޔޫހާ ގުޅުމެއް ހިންގަނީތަ؟” ޝާއިން އެންމެ ފަހުން ކޮއްލި ސުވާލާއިއެކު ޔޫހާގެ މޫނުމައްޗަށް އަރައިގެންދިޔަ ކުލަވަރު އޭނައަށް ފެނިގެންދިޔައެވެ.

“އަހަރެން މިވާހަކަ ޝާއިންއަށް ކިޔާދޭނީ ކިހިނެއްކަމެއްނޭގެ، ޒައުލް އާއި އަހަންނާމެދު އޮންނަ ގުޅުމަށް ދޭނެ ޖަވާބެއްވެސް އަހަންނަކަށް ނޭގެ…” ޔޫހާ ހާސްކަމާއިއެކު ދެއަތްދެއަތާ ޖޯޑުކުރަމުން ކަހަލަގޮތަކަށް ވާހަކަދައްކަންފެށިއެވެ.

“އެހެންވީމަ ތިބުނަނީ ޔޫހާ އުޅެނީ ޒައުލް އާއި ރައްޓެހިވެގެންނޭތަ؟” ޝާއިން ކުރިއަށްވުރެވެސް ބޮޑަށް ހައިރާންވިއެވެ.

ޝާއިން ޔޫހާ ދޭން ޖަވާބަކަށް މަޑުކޮއްލައިގެން ހުރީ ކެތްތެރިކަމެއްނެތިއެވެ. ޒައުލް އާއި ޔޫހާ އާއި ގުޅިދާނެއެކޭ ދުވަހަކު ހިތަށްވެސް ނުގެނެވެއެވެ. ޔޫހާ ވަކިއެއްޗެއް ނުބުނެ ގިނައިރުވާންފެށުމުން ޝާއިން އޭނައަށް ގޮވާލިއެވެ.

“ކިޔާންގެ ބައްޕައެއީ….” ޔޫހާ ބުނެލިއެވެ. ޝާއިންއަށް ޔޫހާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ޔޫހާ އޭނަގެ ކައިރީ ދޮގެއް ނުހަދާނެކަން އޭނައަށްވެސް ޔަގީންވެއެވެ. އަދި ޒައުލްއަކީ ކިހާވަރެއްގެ ކާކުކަންވެސް ޝާއިންއަށް އެނގެއެވެ. އެހެންނަމަވެސް އެކަން ގަބޫލުކުރަން ދަތިވާގޮތްވިއެވެ. ސިކުނޑީގައި ސުވާލުމާކެއް ޖެހިގެންދިޔައެވެ. ޔޫހާއަށް ކިޔާން ލިބުނު ގޮތް ވަރަށް ރަނގަޅަށް ޝާއިންއަށް އެނގެއެވެ.

“ކިޔާންގެ ބައްޕަ ޔޫހާ އަހަންނަށް ސިފަކޮއްދިން ގޮތާ ޒައުލްއާއި އެއްވެސް ގުޅުމެއްނުވޭ، މިބުނީ ޒައުލްއަކީ ރާއްޖޭގެ ނަން މަޝްހޫރު މަންސޫރުގެ ހުރި ހަމައެކަނި ފިރިހެންދަރި، އެމީހުންގެ އުޅުމާ، މުއްސަނދިކަމާ، ކޮންމެ އަތަކަށް އެނބުރިލިޔަސް އެމީހުންގެ ހިދުމަތުގަ ނޯކަރުން ތިބޭ….އަހަންނަށް ކިޔާދީބަލަ ޔޫހާ….އަދިވެސް ކިޔާނުދޭ ވާހަކަތަކެއް ވަނީތަ؟” އިރުކޮޅަކު އެއްޗެއް ނުބުނެ ހުރުމަށްފަހު ޝާއިން ސުވާލުކުރިއެވެ. ހަގީގަތުގައިވެސް އޭނަ އެހުރީ ގަބޫލުކުރަން ދަތިވެފައެވެ. ދުވާލުގެ ގަޑިއެއްގައި ޔޫހާ އޭނަ ކައިރީ އެބުނަނީ މީރޭގަނޑު ކަމުގައި ގަބޫލުކުރާށޭ ހެއްޔެވެ. އެހާވެސް ބޮޑު ފަރަގެއް ޔޫހާ އާއި ޒައުލް އާއިމެދު ވެއެވެ. ޔޫހާއަކީ ކޮންކަހަލަ އާއިލާއަކުން އައިސް ހުރި ކޮންކަހަލަ މިޒާޖެއްގެ އަންހެންކުއްޖެއްކަން މިހާރު ޝާއިންވެސް އޮޅިފަކާ ނެތެވެ.

“އަހަރެން ޝާއިންއަށް ދޮގެއްނުހަދަން، ދުވަހަކުވެސް އުމުރުގަ ބާކީ އޮތްތަނުގަ ކިޔާންގެ ބައްޕަ އާއި ދިމާވެދާނެއޭ އަހަރެން ހިތަކަށް ނާރާ، އަދި އޭނަ ހޯދާކަށްވެސް އަހަރެން މަސައްކަތެއް ނުކުރަން، އެކަމަކު އަހަރުމެން ދެމީހުން މިވަނީ އަނެއްކާވެސް ދިމާވެފަ، ތަގުދީރު މިކުޅެނީ ކޮންކަހަލަ ކުޅިގަނޑެއްކަމެއް އަހަންނަށް ލަފާކުރަންވެސް ނޭގޭ…ހިތަށްއެރީ ދޯ…އަހަރެން ކަހަލަ އަންހެނެއް ޒައުލްފަދަ މީހެއްގެ ދިރިއުޅުމަށް ދިޔައިރު މިއަދު މިހުރި ހާލުގައި ހުރެދާނެކަން ކުރިން ނުވިސްނީ ކީއްވެގެންތޯ، ޝާއިން، އަހަންނަށް ޒައުލް އޮޅުވާލާފަވަނީ ދުވަހަކުވެސް އެއްއިންސާނަކު އަނެއް އިންސާނަކަށް އޮޅުވާނުލާނޭ ދަރަޖައަށް، އަހަރެން އެދުވަހު ޝާއިންއަށް އަހަރެންގެ ދިރިއުޅުމުގެ ވާހަކަ އާއި ޒައުލް އާއި ގުޅުވާލީ….އޭރުގަ އަހަންނަށް ޒައުލް އެނގިފައިވަނީ އެގޮތަށް ކަމަށްވާތީ، އާދައިގެ ދިރިއުޅުމެއްއުޅޭ ޒުވާނެއްގެ ގޮތުގަ ކަމަށްވާތީ…” ޔޫހާ ދުލުން ހަގީގަތް ހާމަވަމުންދިޔައިރު އެއީ ޝާއިންއަށް އާވަހަކައެއްނޫނެވެ. އެހެންނަމަވެސް އެވާހަކައާއި ގުޅިފައިވާ އެންމެ މުހިއްމު ފަރާތުގެ ހަގީގަތް މިއެނގުނީ އަދިކިރިޔާއެވެ.

“ކޮންއިރަކު ޔޫހާއަށް އެނގުނީ، ޒައުލްކަން އެއީ ޔަގީންތައް” ޝާއިން އެނގެން ބޭނުންވެފައި ހުރިވަރުން އަނެއްކާވެސް ސުވާލުކުރިއެވެ.

“އަހަންނަށް ޒައުލް އޮޅޭނެތަ، އެއީ ހަމަ އޭނަ، އަހަންނަށް ޒައުލްގެ ސިފަ ނޭގިއެއް ނުހުންނާނެނު، އަހަރުމެން ދެމީހުން އެކަކުއަނެކަކަށް ބައްދަލުވީ ޕާކްވިއުއިން، ޝާއިން ހަނދާން އެބަހުރި އެރޭ ކުދިން މަދުވެގެން ޝާއިން އަހަންނަށް ގުޅީމެއްނު…” ޔޫހާ ޝާއިންއަށް ބަލާލަމުން ބުނެލިއެވެ. އޭނަގެ ލޮލުން ފާޅުވަމުންދިޔައީ މާޒީއެއްކަމަކު އެކަމެއްގެ ރިހުން އަދިވެސް ފިލައިގެން ނުދާކަމެވެ. ދިގުދެމިގެންވި މަޑު ރިހުމެއް އިޙްސާސްކުރަމުންދާ މީހެކޭ އޭނައެކޭ ތަފާތެއްނެތެވެ.

“އާން…އާން، އަހަރެން ހަނދާން އެބަހުރި، މިފަހުން ޕާކްވިއުގެ ބޭއްވި އެންމެ ބޮޑު ހަފްލާއެއްނު އެއީ، އެކަމަކު އޭގެ ފަހުން މިހާރު….ދެން ކީއްވެ ޔޫހާ ނުބުނީ އަހަރެން ކައިރި”  ޒައުލް އާއި ޔޫހާ ބައްދަލުވި ފަހުންވީ ދުވަސްތައް އަންދާޒާ ކޮއްލާފަދަ ގޮތަކަށް ދެބުމަކައިރިކޮއްލަމުން އަރުވާލާފަވެސް އެވަގުތު ހިތުގައި ދެން އުފެދުނު ސުވާލުކޮއްލީއެވެ.

“އަހަންނަށްވެސް ޒައުލްއަކީ ކާކުކަން އެނގުމުން ޖެހިލުންވީ، އެތަށް އަހަރަކަށްފަހު އަހަރެންގެ ކުރިމައްޗަށް އެރި ޒައުލްއަށް ލިބިފައިވަނީ އަހަރެންގެ ހަނދާނުން ނުފިލާވަރުގެ އަނިޔާއެއްދިން މީހާގެ ސިފަޔާ، އޭރުގަ ޒައުލްގެ ފަރާތުން ފެނުނު އެއްވެސް ކަމެއް މިހާރު މިފެންނަ ޒައުލްގެ ފަރާތުން އަހަރެން ނުދެކެން…ކިޔާންއަކީ އޭނަގެ ދަރިއެއްކަން އަހަރެން ދުލުން އޭނަގެ ގާތު ހާމަ ކުރަން މަޖުބޫރުވީ…އެހެންނޫންނަމަ…ޝާއިން…އެހެންނޫންނަމަ އަހަރެން ދުވަހަކުވެސް ނުބުނާނަން ކިޔާންއަކީ އޭނަގެ ފަރާތުން އަހަންނަށް ލިބުނު ދަރިއެކޭ…” ޔޫހާ އިސްޖަހާލުމާއިއެކު ދެލޯމަރާލީ ދެން އެހެން އޭނަ ބުނިކަމުގައި ވިޔަސް ކުރެވޭނެކަމެއްނެތުމުންނެވެ. ޝާއިންއަށް ޔޫހާ ބުނަމުން ދިޔަ ވާހަކަތައް ވަރަށް ސާފުކޮށް އެނގެއެވެ. ޔޫހާ ނުބުނަން ހުރި ވާހަކައެއް އޭނަގެ ފަރާތުން ހޯދޭނީ ވަރަށް ކުޅަދާނަ މީހަކަށެވެ. ޒައުލް އެދަރަޖައަށް ޔޫހާއަށް މަޖުބޫރުކުރީ ކިހިނެއްތޯ އެނގެންވެސް އޭނަ ބޭނުންވެއެވެ. އެހެންނަމަވެސް އޭނަ ޔޫހާގެ އިޙްސާސްތަކަށް ގަދަރުކުރެއެވެ. އެވާހަކައެއް ދައްކަން އޭނަ އެންމެ ބޭނުންނުވާ ވާހަކަކަން މިހާރު އެދައްކަނީ ޝާއިންއަށް އެނގެއެވެ. ޔޫހާފަދަ އަންހެން ކުއްޖެއްގެ ހިތް އަތުލުމަކީވެސް ފަސޭހަކަމެއްނޫންކަން އޭނައަށް އެނގެއެވެ. އެހެނީ ހުދު އޭނަވެސް އެއްއިރެއްގައި އެހިތްލިބޭތޯ ވަރަށް މަސައްކަތްކުރިއެވެ. ދަރިއަކު ހުރިކަމުގައި ވިޔަސް ހެޔޮހިތުން ގަބޫލުކުރަން ޝާއިން ހުރީ ތައްޔާރަށެވެ. ދިރިއުޅުމަށްޓަކައި ކައިވެނީގެ މަތިވެރި ދަރަޖައިގެ އުފާ ޔޫހާއަށް ދިނުމުގެ ހުވަފެން އޭނަވެސް ދެކުނެވެ. އެހެންނަމަވެސް އެހުވަނުގައި ހުވަފެނީކުލަޖެހި އެއްވެސް ހަގީގީކުލައެއްނާރަނިސް ޝާއިން ލޯހުޅުވާލީއެވެ. ވަށައިގެންވާ ކަންތައްތަކަށް ލޯހުޅުވާލީ ޔޫހާގެ ދިރިއުޅުމުގައި ހަމައެކަނި ޖާގަދެވިފައިވަނީ ހެޔޮލަފާ ރަނގަޅު ރަޙުމަތްތެރިއަކަށްކަން އެނގުމުންނެވެ. ޝާއިން ހިތްއޭނަ ގާތުދައްކަމުން ދިޔަ ވާހަކަތަކުން އުފްގެ ލަފްޒުވެސް ބޭރުނުކުރީ އެހެންވެއެވެ. އެއިޙްސާސްތައް އޭނަ އާއި އޭނަގެ ހިތާ ދެމެދު މުޅިއުމުރަށް ސިއްރެއްގެ ގޮތުގައި ފޮރުވާލީއެވެ. މިއަދާ ހަމައަށްވެސް އޭނަ މަސައްކަތްއެކުރަނީ ދުވަހަކުވެސް ޔޫހާއަށް ލިބިފައިނުވާފަދަ ހެޔޮލަފާ ރައްޓެހި ރަޙުމަތްތެރިއަކަށްވުމަށެވެ. އޭނައަށް ވެވެންއޮތް އެހީއެއްވެއްޖެޔާ ވުމަށް އޭނަ އަތްކުރިއޮޅާލީ ފިސާރި ކެރިގެންނެވެ. މިއަދު އެހިތުގައި ކުރިއަށްވުރެވެސް ޔޫހާއަށް ދެވިފައިވާ މަގާމު މަތިވެރިއެވެ. އެއްބަނޑު އެއްބަފާކަމުގެ ގުޅުމެއްނެތަސް އޭނައަށް އަފްލީން އެކޭ ޔޫހާއެކޭ ތަފާތެއްނެތެވެ. މިއަދު ޔޫހާ އޭނަގެ ދިރިއުޅުމުގައި ޝާއިން ބައިވެރިކުރީތީ އުފާކުރެއެވެ. ޔޫހާގެ ސަބަބުން އޭނަ އާއި އޭނަގެ ކޮއްކޮ އަފްލީންއަށް މައިންބަފައިން ވަކިވެފައިވުމުގެ ފުންހިތާމައަށް ލުޔެއްގެނެސްދެއެވެ. ޔޫހާއެކޭ އެމީހުންގެ ފާރުތަކުގައި އަޅާލެވިފައިވާ މަލަންގަނޑެކޭ އެއްވަރެވެ. ފަސޭހަވިޔަސް އެމަލަންގަނޑު ނައްޓާލަން ބޭނުންނުވަނީއެވެ.

“އޭނަތަ މިގެއަށް އަންނަނީ، ކިޔާންއަށް ކުޅޭއެއްޗެހި ގަނެދީ ޔޫހާއަށް އެއްޗެހި ފޮނުވަނީވެސް އޭނަތަ” ޝާއިން ދަތްދޮޅީގައި އަތްހާކާލަމުން އެނދުގައި ޔޫހާއަށް ކުރިމަތި ވާގޮތަށް އިށީނދެފައި އަހާލިއެވެ. ޔޫހާ އާއެކޭ ބުނުމަށް ބޯޖަހާލިއެވެ. ޝާއިން އެހި ސުވާލާ ގުޅިގެން އޭނަގެ ހިތަށް ވަަރަށް ގިނަ އެއްޗެހި އަރާފައިބަމުންދިޔައެވެ. ކޮންމެ ކޮންމެ ސުވާލެއް ޔޫހާއަށް ކުރަން އޭނަވެސް ޖެހިލުންވަނީއެވެ. ޔޫހާވެސް މަޑުމަޑުން އައިސް ރީތިވާ މޭޒުގެ ގޮނޑި ދަމާލަމުން ޝާއިންއަށް ކުރިމަތިވާގޮތަށް އިށީނދެއްޖެއެވެ.

“ޒައުލް ގަބޫލުކުރޭތަ ކިޔާންއަކީ އޭނަގެ ދަރިއެއްކަން” އެންމެ މުހިއްމު ކަމެއްދެވުނު ސުވާލު ޝާއިން ކުރިއެވެ. މިފަހަރުވެސް ޝާއިން ބަލަންއިންދާ ޔޫހާ ބޯޖަހަލީ އާއެކޭ ބުނުމަށެވެ.

“ޔޫހާ އޭނަ އާއި ގުޅިގެނެއްނޫންދޯ އޭނަ މިގެއަށް އެއަންނަނީ، ޒައުލް ކިޔާންއަށް ރަނގަޅުތަ….ކިޔާން އޭނައަށް ޑެޑީ އެކިޔަނީ ކީއްވެތަ، އެވެސް ޒައުލްގެ ކަމެއްދޯ” ޝާއިންއަށް ޔޫހާގެ ގޮތް އެނގޭތީ ކަންތައްވަމުންދާ ގޮތަށް ވިސްނާލާފައި ބުނެލިއެވެ.

“ޝާއިން، ޒައުލް ބޭނުންވަނީ އަހަންނާ ގުޅެން….” ޔޫހާ އިތުރަށް ޒައުލްގެ އެއްވެސް ކަމެއް ފޮރުވަން ބޭނުންނުވާތީ ބުނެލިއެވެ. ޝާއިން ބަލާލީ ގަބޫލުނުކުރެވިގެން ބަލާލިފަދަ ގޮތަކަށެވެ. އޭނަގެ އަނގައިން ނުބުނިކަމުގައިވިޔަސް ޔޫހާއަށް ވަރަށް ސާފުކޮށް އެބަލާލުން އޭނަގެ ގާތުގައި ބުނިއެއްޗެއް ސާފުވެގެންދިޔައެވެ. އެހެންވެ އަނެއްކާވެސް އޭނަ އާއި ދިމާލަށް ހައިރާންވެ އަންތަރީސްވެފައި ބަލަން އިން ޝާއިންއަށް ބޯޖަހާލީ ގަބޫލުކުރާށޭ ބުނާފަދައަކުންނެވެ.

“ކޮންއިރަކުން…” ޝާއިންއަށް އިތުރަށް އެއްޗެއް ނުބުނެ ނީދެވުނެވެ.

“ވީހާވެސް އަވަހަކަށް…” މިހެން ބުނެލި ޔޫހާގެ މޫނުމަތިން ފާޅުވެގެންދިޔަ މާޔޫސީ ކުލަވަރު ޝާއިންއަށް ފާހަގަކުރެވުނެވެ.

“ކީއްވެ ޔޫހާ…އޭނައަށް އެނގުނީމަ ވަގުތުން ޔޫހާގެ ކައިރިއަށް އައީމަވެސް ބޭނުންނުވަނީތަ، މިއަށްވުރެ ރަނގަޅު ފުރުޞަތެއް ކޮބާ، ދުނިޔެ ގަބޫލުނުކުރި ކަމުގައި ވިޔަސް ކިޔާންއަށް އޭނަގެ ބައްޕަ ލިބުނީ، އަނެއްކޮޅުން ޔޫހާއަށް ރަނގަޅު ދިރިއުޅުމެއްލިބުނީ، އެއަށްވުރެ ބޮޑު ނިއުމަތެއްކޮބާ….އަހަރެން ހަމަގައިމުވެސް ވަރަށް އުފާވެއްޖެ” ހިތްހަމަޖެހުމުގެ ހިނިތުންވުމަކުން ހިނިއައިސްފައި އިނދެ ޝާއިން ބުނެލިއެވެ.

“ދެން ނޭގެ…މިވަގުތު ތިކަމަށް އެއްޗެއް ބުނާކަށް އަހަންނަކަށް ނޭގެ” ޔޫހާ އޭނައަށް އިޙްސާސް ކުރެވެމުންދިޔަ އިޙްސާސްތައް ހާމަކޮއްދޭނެ ގޮތެއް ނޭގި އިނދެ ބުނެލިއެވެ. ޝާއިންވެސް މިރޭ އިތުރަށް ޔޫހާ ލައްވާ އެވާހަކަތައް އޮޅުން ފިލުވާކަށް މަސައްކަތެއް ނުކުރެެވެ. އިތުރަށް ޝާއިން އެއްޗެއް ނުބުނުމުން ޔޫހާ ހީކުރީ އޭނަ ދެކެ ޝާއިން ހިތްހަމަ ނުޖެހުނީ ކަމަށެވެ.

“އެހެން ބުނީމަ ހިތްހަމަ ނުޖެހުނީތަ” ޔޫހާ މަޑަމަޑުން އަހާލިއެވެ.

“ނޫނޭ، ޔޫހާ ނިންމާގޮތެއް އަހަންނަށް އެންމެ ރަނގަޅު، ވިސްނަން ބޭނުންވަންޏާ ޔޫހާ ހަމަ ވިސްނަންވީ، އެކަމަކު ޒައުލްގެ ހިޔާލު ބަދަލު ނުވަނިސް ކިޔާން އާއިމެދުވެސް ޔޫހާ ވިސްނާލުން އަހަރެން ވަރަށް އެދެނެ…” ޝާއިން ބުނެލިއެވެ. ޔޫހާ ބޯޖަހާލަމުން ޝާއިން ބުނަން އުޅުނު ވާހަކައަކީ ކޮބާތޯ އެހިއެވެ. އެއާއިއެކު ޒައުލް އޭނައަށް ހުޅުވާލި ފުރުޞަތުގެ ވާހަކަ ކިޔާދިނެވެ. އަދި އޭނަ މިރޭ އައީ ގާޑަންވިއު ހޮޓެލުން އޭނައަށް ހުޅުވާލި ފުރުޞަތު ގަބޫލުވެސް ކޮއްފައިކަމަށް ޝާއިން ބުންޏެވެ.

“ހެ ހެ ހެ ހެ….ޒައުލް ވިސްނީ ކަންނޭގެ އަހަންނަށް މަތީ މަގާމެއް ދިނުމުން ޔޫހާ ގަބޫލުވެދާނެ ކަމަށް…ދޯ…” ޝާއިން ހެމުން ވާހަކަދެއްކިއެވެ.

“ދެން އެ އޮފަރ ގަބޫލެއް ނުކުރާނަންތަ” ޔޫހާ ސީރިއަސްވެފައި އަހާލިއެވެ.

“އަހަންނަށްވެސް އަދި ވަކިއެއްޗެއް ބުނާކަށް ނޭގެ” ޝާއިން ހީލަމުން ބުނެލިއެވެ. ޔޫހާވެސް ކުޑަކޮށް ހީލާފައި ދެން އޭނަ ދިޔަޔަސް އެންމެ ރަނގަޅުތޯ އަހާލިއެވެ. ޝާއިން ބޯޖަހާލަމުން ހޫންއަޑު ލައްވާލުމާއިއެކު ޔޫހާ އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

ދަންވަރު ޑިއުޓީއަށް ދިއުމަށްޓަކައި ޔޫހާ ތައްޔާރުވެ އަތްދަބަހަށް އޭނަ ބޭނުންވާނެ ސާމާނުތައް އަޅާލިއެވެ. އަދި ރީތިވާ މޭޒުމަތީގައި އޮތް އޭނަގެ ވޮލެޓު ބަލާލީ އޭގައި ރުފިޔާ ހުރިތޯއެވެ. ސަތޭކަ ފަންސާހަކަށް ރުފިޔާ އޭގައި އޮތެވެ. މަހުގެ ފަހުކޮޅަށްވެފައި އެހާތަނުގައި އެހާވަރު އޭނަގެ އަތުގައި އޮތުމުން އޭނަ ހުރީ ވަރަށް ހިތްހަމަޖެހިލާފައެވެ. ނިދިފައި އޮތް ކިޔާންގެ ކައިރިއަށް އައިސް ނިތްކުރީގައި ބޮސްދީފައި ޔޫހާ އަތްދަބަސް ކޮޑުގައި އަޅުވާލައިގެން ކޮޓަރިން ނުކުތީ ޑިއުޓީއަށް ދިއުމަށެވެ. އެހެންރޭރެއަށްވުރެ ފަނަރަވަރަކަށް މިނެޓުކުރިންނެވެ.

“އަންގާވެސް ނުލާ ހާދަ އަވަހަކަށް ތިދަނީ، މަޑުކުރޭ އަހަރެން ގެންގޮސްދޭނަން” ޝާއިންގެ ކޮޓަރި ހުރަސްކަނޑާލާފައި ސިޓިންރޫމުން ދިޔަ ޔޫހާ ފެނުމުން އޭނަ ތަންކޮޅެއް ބާރަށް ޔޫހާއަށް އަޑުއިވޭނެހެން ބުނެލިއެވެ. ނުކުންނަން ދިޔަ ޔޫހާ އެނބުރި ޝާއިންގެ ކޮޓަރިއާއި ގާތްކޮއްލިއެވެ.

“ހަމަޖެހިލައިގެން ހިނގާލާފަ ދާންބޭނުންވީ، އޯކޭތަ….ޕްލީސް” ޔޫހާ އާދޭހުގެ ގޮތަކަށް މޫނުހަދާލަމުން ބުނެލިއެވެ. ޝާއިން ކުޑަކޮށް ހީލާފައި މައްސަލައެއްނެއް ކަމުގައި ބުންޏެވެ. އެއަޑުއިވި ޔޫހާވެސް ހިނިތުންވެލާފައި ބޭރުދޮރުން ނުކުންނަށް ދިޔައެވެ. އަތުގައި އޮތް ފޯނަށް ބަލާލާފައި ގަޑި ޔަގީންކޮއްލުމާއިއެކު މަޑުހިނގުމެއްގައި ޕާކްވިއު ހޮޓެލްއަށް މިސްރާބުޖެހިއެވެ.

ވަގުތުން އާފޯނެއް ގަނެގެން އައިސް ޕާކްވިއު ހޮޓެލްގައި ހުންނަ ޒައުލްގެ ޚާއްޞަ ކޮޓަރިއަށް އޭނަ ވަނެވެ. އެކޮޓަރީގައިވާ ބާރ ޓޭބަލްގެ ކައިރީ އިށީނދެލާފައި ފޮށިންނުވެސް ނަގާއޮތް ފޯނު ނެގުމަށް އޭނަ އަވަސްވެގަތެވެ. އެދޭތެރެއިން އޭނަގެ އަތުކުރީގައި އޮތް ގަޑިއަށްވެސް ބަލާލިއެވެ. ފޮށިހުޅުވާލާފައި ފޯނު ނަގާ މޭޒުމަތީ ބޭއްވުމަށްފަހު އޭނަގެ ޖީބުގައި އޮތް ފޯނުވެސް ނަގާ މޭޒުމަތީ ބޭއްވިއެވެ. އެހިނދު އެފޯނުގެ ސްކްރީން ވަކިވެގެން މޭޒުގެ މައްޗަށް މާކުރިން ވެއްޓިއްޖެއެވެ. އެކަމަށް އެއްވެސް ފަރުވާލެއްނެއް ޒައުލް ބެލީ ސިމް ނަގާ އާފޯނަށް ލެއްވޭތޯއެވެ.

ދާދިދެންމެއަކު ހެން ޒައުލް ސިމްލެއްވި ފޯނު ހުޅުވާލުމަށްފަހު އަތުކުރީގައި އޮތް ގަޑިއާއި ފޯނުގެ ގަޑިހަމަކޮއްލުމަށްފަހު ފޯނުގެ ބެޓެރި ޗާޖުކުރުމަށް ކަރަންޓަށް ގުޅާލިއެވެ. އަދި އެބޮޑު ކޮޓަރީގެ ތެރޭގައި އޭނައަށް މަަސައްކަތްކުރެވޭ ގޮތަށް ހަދާފައި ހުރި ބަޔަށް އައިސް އެތަނުގައި ހުރިމޭޒުގެ ކައިރީ އިށީނދެއްޖެއެވެ. އިރުއިރުކޮޅާ ގަޑިބަލަމުން ދިޔަ ޒައުލް މޭޒުމަތީގައި ހުޅުވާފައި ހުރި ލެޕްޓޮޕުގެ ފިއްތަކަށް އޮބަންފެށިއެވެ. އިސާއިތަހަކު ހުޅުވިގެންދިޔަ ސްކްރީނުން ފެންނަން ފެށީ ހޮޓެލްގެ އެކި ސަރަހައްދުތަކެވެ. ސީސީޓީވީ ހަރުކުރެވިފައިވާ ތަންތަނެވެ. އެއްފަހަރާ ހޮޓެލްގެ އެތަށްތަނެއް ބަލަމުންދިޔަ ޒައުލްގެ ނަޒަރުހުއްޓުނީ ޕާކްވިއު ދޮރުން ވަދެގެން އައިސް އަންހެން ކުދިންގެ ލޮކަރ ރޫމަށްވަތް ޔޫހާއެވެ. ގޮނޑިން ތެދުވެވުނު ގޮތްވެސް އޭނައަށް ނޭގެއެވެ. އަވަސް އަވަހަށް ޗާޖަށް ޖަހާފައި އޮތް ފޯނު ނަގާ ޔޫހާއަށް އޭނަ ގުޅާލިއެވެ. ނަމަވެސް ޔޫހާގެ ފޯނު ރިންގުވެފަ ކެނޑެނީއެވެ. ދެފަހަރަކު ޔޫހާ ފޯނު ނަގާތޯ މަސައްކަތްކޮއްލުމަށްފަހު ޒައުލް ފޯނު ބޭއްވީ މާޔޫސްވެގެންނެވެ.

“ތީތަ އަހަންނަށް ޖަވާބު ދޭންވީ ގޮތަކީ، އަހަރެން ޔޫހާއަށް ގުޅެން ބޭނުންވާވަރު ހަމަ ނޭގިގެންތަ، ނޫނީ އަދިވެސް އަހަރެންނަށް މާފުކުރަން ބޭނުންނުވަނީތަ، އަހަންނާ ކައިވެނި ކުރަން ބޭނުންނުވަނީތަ….އޯ ޔޫހާ ތިހެން ނުހަދަބަލަ، އަހަރެންގެ ކެތްތެރިކަން ކޮޅުން ލިޔެ ނުދީ…ކޮންމެ ގޮތަކުންވެސް އަހަރެން ޔޫހާ ހޯދާނަން، އެކަމަކު އެހެން ކަންތައްކުރުމަށް އަހަންނަށް މަޖުބޫރު ނުކުރޭ، އަހަރެން ހީކުރީ ޔޫހާވެސް އަދިވެސް ލޯބިވަނީ އަހަރެން ދެކެ ކަމަށް…އޯ ގޯޑް…ނޫނީ އެއީ ހަމަ ދައްކާލި ދަޅައެއްތަ، އަހަރެންގެ ފަރާތުން ބަދަލު ހިފަން ބޭނުންވަނީތަ….” ޒައުލް ދެލޯ މަރާލަމުން ނިތްކުރީގައި ހާސްކަމާއިއެކު އަތްހާކާލަމުން ބުންޏެވެ. އޭނައަށް ޔޫހާ ބޭނުންވާގޮތެއް ނޭގެއެވެ. އެކަމަކު އެގޮތަށް އަޅާނުލާ އެއްވެސް ސަބަބެއްވެސް ނުބުނެ  ޒައުލް އާއި ދުރުވަން ޔޫހާ މަސައްކަތް ކުރުމީ އޭނަގެ ހިތުގައި ތޫނު ތަދެއް އުފެއްދި ކަމަކަށް ވެއްޖެއެވެ. ޔޫހާގެ ފަހަތުން އޭނަ މޮޔައެއްހެން ދުވާތަން ދެކެން ބޭނުންވަނީ ކަންނޭގެއެވެ. ދުވަހަކުވެސް އޭނަ އަންހެނަކަށްޓަކައި ނުކުރާ އެތަށް ކަމެއް ޔޫހާއަށްޓަކައި ކުރަން ތައްޔާރަށް ހުރިކަން އެނގި އެކަމާ އޭނަ ބޮޑާވަނީބާއެވެ. ޒައުލްގެ ސިކުނޑީގައި ރުޅިވެރި ކަމުގެ އޮއެވަރު ހިނގަންފެށިއެވެ.

” ޔޫހާ ބޭނުން ގޮތަކަށް ނޫން މިކަން ވާންޖެހޭނީ، ޔޫހާ ބޭނުން ވިޔަސް ނުވިޔަސް ޖެހޭނީ ދެން އަހަންނާ ގުޅެން….އަހަންނާ ކައިވެނި ކުރަން ” ޒައުލް ރުޅިވެރިކަމާއިއެކު ބުނެލިއެވެ. އަދި މޭޒުގެ ކައިރީ އަނެއްކާވެސް އިށީނދެ ސީސީޓީވީ ކެމެރާތަކުގެ އެހީގައި ޔޫހާ ހޯދަން ފަށައިފިއެވެ. ގިނައިރެއްނުވެ ޒައުލްއަށް ރިސެޕްޝަން ކައުންޓަރެއްގެ އެތެރޭގައި ހުރި ޔޫހާ ފެނިއްޖެއެވެ. ޑިއުޓީއާއި ހަވާލުވުމާއިއެކު މެންދުރުފަސް ޑިއުޓީގައި އެތަނުގައި ތިބި ދެސްޓާފުން ހިނގައްޖެއެވެ. އޭރު ކައުންޓަރު ކައިރީ އިނީ ޔޫހާ އެކަންޏެވެ. ކުއްލިއަކަށް ސީސީޓީވީއަށް އެރި ޒުވާނާ ޒައުލްއަށް ފެނުނެވެ. އޭނަ އެނިކުތީ ލިފްޓުން ނޫންކަން ޒައުލްއަށް އެނގެއެވެ. އެމީހަކު ވަރަށް ހިނިައައިސްފައި އައިސް ރިސެޕްޝަން ކައުންޓަރުގައި އަތްއަޅުވާލާފައި ވާހަކަދައްކަން ފެށިތަން ފެނުނެވެ. ޔޫހާގެ މޫނުމަތިން ފެނިގެން ދިޔަ ހިނިތުންވުމުން އެއީ އޭނަ ދަންނަ މީހެއްކަން ޒައުލްއަށް ނަގައިގަނެވުނެވެ.

“ސާބަސް، ތީ ސްޓޯކާއެއްތަ…އަހަރެން ޑިއުޓީއަށް ނައިސްގެން ދޯ ތިހުންނަނީ، ކިހިނެއް އެނގުނީ އަހަރެން އިނީ މިކައުންޓަރުގަކަން….އުހޫ…މަޑުކުރޭ…..އަޔާ ރިސެޕްޝަނަށް ގުޅާފަ އެހީ ދޯ އަހަރެން އިނީ ކޮންކައުންޓަރެއްގަތޯ…” ޔޫހާ ހިނިއައިސްފައި އައްޔަދު އާއި ސުވާލުކުރުމަށްފަހު އަމިއްލައަށް ޖަވާބުވެސް ދީފިއެވެ. ލުއިލުއި ފިރިހެންވަންތަ ހީލުމަކުން އައްޔަދު ހީލާފައި އެއްއަތުން ނިތްކުރި މައްޗަށް އެއްފަރާތަކުން ވެއްޓިފައި ހުރި އިސްތަށިތަށް ރަނގަޅުކޮއްލަމުން ދެޖީބަށް އަތްޖަހާލިއެވެ.

“ވަރަށް މޮޅު، ތިބުނީ އަހަރެން ކަންތައްކުރިގޮތް، ބައި ދަވޭ، ޔޫ ލުކް އޯސަމް އިން ދެޓް ޔުނިފޯމް….ސީރިއަސްކޮއް” އައްޔަދު އޭނަ ލައިގެން ހުރި ސޯޓުގެ ދެޖީބަށް އަތްޖަހާލަމުން ދެކޮނޑު އަރުވާލާފައި ލާނެތް ގޮތަކަށް ހިނިއައިސްފައި ހުރެ ބުނެލިއެވެ.

“ހޫމް…ހޫމް…ފްލާރޓީ ވާނެކަމެއްނެތް، ދެން ދޭ މިތަނުން، އެހާ ރަނގަޅެއް ނުވާނެ މިތަނުގަ ވާހަކަދައްކަން ހުރުމެއް، ސީނިއަރ ސްޓާފަކަށް ފެނިއްޖެނަމަ ސުވާލުކުރާނެ، އެހެންނޫނަސް އަހަރެން ބޭނުމެއްނޫން މީހުންނަށް އައްޔަދު ފެނި ނުބައި މާނައެއް ނަގާކަށް” ޔޫހާ  އޭނަގެ މަސައްކަތަށް ސަމާލުކަން ދޭން މަސައްކަތްކުރަމުން ބުނެލިއެވެ.

“ނުބައި މާނައެއް ނެގުން އެއީ އެމީހުންގެ ވިސްނުމުގެ ކޮށިކަން، ނިކަން ހުޅުވާލެވިފައިވާ ސިކުނޑިއަކުން ވިސްނާ މީހަކު ނުބުނާނެ މިހެން އަދި އަހަރުމެން ދެމީހުން ވާހަކަ ދައްކާލުމަކުން ގޯސް ނިޔަތެއް މިކަމުގައި އެކުލެވިފައިވެދާނެއެކޭ…ދެން މައްސަލައެއްނެތް، އަހަރެން ގޮސްދާނަން، ކޮފީ މަތިން ހަނދާންކުރާތި، އަހަރެން ގުޅާނަން ޔޫހާ ބްރޭކް ޓައިމް ޖެހެން ކައިރިވީމަ….އެކަމަކު….ހާދަދެރައޭ، ކޮބާތަ މިރޭ މިތަނުގަ އިންނަ ފްލާޓީ މަންޖެ، އޭނަ ނާންނަނީތަ ޑިއުޓީއަށް….” އައްޔަދު ހިނިއައިސްފައި މިހެން ބުނެލިއެވެ.

“ކާކު ރިޝްފާތަ، ސާބަސް….ފްލާޓީ އޯ، ފްލާޓީ ނޫނީ ކާކުތަ، އައްޔަދުވެސް ތިހުރީ އުޅޭގޮތް، އަހަންނަށް ހީވަނީ މިހާރު އަންނަން އުޅޭނެހެން، އޭނައަށް އެނގޭނެ އަހަރެން ޝަކުވާއެއް ނުކުރާނެކަން އޭނަގެ އަމިއްލަ ވަގުތުގައި ހަމަޖެހިލައިގެން އަޔަސް…..ރަނގަޅަށް ވެއްޖެޔާ ކޮންމެވެސް ކައުންޓަރެއްގެ ކައިރީ ހުންނާނީ އޮލަވާހަކައެއްގަ” ޔޫހާ ބުނެލިއެވެ. އެދެމީހުންގެ ވާހަކަތައް ހުރި ގޮތުން ހީވަނީ އެއީ ގާތް ދެރަޙުމަތްތެރިންހެންނެވެ.

ދެބުމަށް ކައިރިކޮއްލުމާއިއެކު ނިތްކުރިއަށް ރޫއަރުވާލިއެވެ. މީގެ ކުރިން ޒައުލްއަށް އެފަދަ ހިނިތުންވުމަކާ ގާތްކަމެއް އެހެން މީހަކާއި ދޭތެރޭ ޔޫހާގެ ފަރާތުން ފެނިފައެއް ނުވެއެވެ. އައި ގަދަ ރުޅިންކަމެއްނޭގެއެވެ. ފިނިކޮޓަރީގައި އިންއިރުވެސް އޭނަގެ ނިތްކުރިން ދާތިކީގެ އަސަރު ފާޅުވާންފަށައިފިއެވެ. ޖީބުގައި އޮތް ރުމާ ނަގާ މަޑުމަޑުން ނިތްކުރީގައި ޖައްސާލަމުން ފޮހެލިއެވެ. އަދި ޔޫހާ އެހާގާތްކޮށް އެވާހަކަދެއްކި މީހަކު އޮޅުން ފިލުވަން އޭނަ ބޭނުންވިއެވެ. އެޒުވާނާގެ ގައިގާ ބައެއް ފަހަރަށް ރާއްޖޭން ބޭރު މީހެއްގެ ސިފަވެސް ޖަހައެވެ. ޒައުލްއަށް އެއްވެސް ކަމެއް ޔަގީނެއްނޫނެވެ. އެހެންވިޔަސް އޭނަގެ ސިކުނޑި އެހާ އަވަހަށް ޔޫހާ އާއިމެދު ނިންމުންތައް ނިންމަން ފަށައިފިއެވެ.

“އަހަރެން ބޭރުގައި އުޅުނު ދުވަސްވަރު ޔޫހާގެ ދިރިއުޅުމަށް މީހަކު ގެނައީތަ” ޒައުލްއަށް އަމިއްލަ ޒަމީރާ ސުވާލުކޮއްލެވުނެވެ. އަދު ޔޫހާގެ ގާތުގައި ކައިވެނީގެ ވާހަކަ ދެއްކުމުންވެސް ވަކި ޖަވާބެއް ނުދިނީ އެހެންވެކަމަށް ޒައުލް ނިންމިއެވެ. އަނެއްކާވެސް އޭނަ ކުރިއަށްވުރެ ރުޅިގަދަވިއެވެ. ވަގުތުން ޔޫހާއަށް ގުޅާފައި ގެންނަން ބޭނުންވިއެވެ. އެކަމަކު ފައުޒީ ފަދަ މީހަކު އަނެއްކާވެސް ޔޫހާއަށް ފާރަލާކަށް ބޭނުމެއްނޫނެވެ. އެހެންވެ އޭނަ މަޑުކޮއްލީ ދަންކޮއްލާފައި ޔޫހާއަށް ގުޅުމަށެވެ. އޭރުން މުޅި ހޮޓެލްވެސް އޮންނާނީ ހިމޭންވެ ނިދާފައެވެ.

އައްޔަދު ހޮޓެލްގެ ރެސްޓޯރެންޓުގައި އިށީނދެލައިގެން އިނީ ކުޅިވަރު ޗެނެލަކުން ދައްކަމުން ދިޔަ ބޭރުގެ ފުޓުބޯޅަ މެޗެއް ބަލާށެވެ. އެހެންއިން އިރުވެސް އިރު އިރުކޮޅާ ޔޫހާގެ ފޯނަށް ކޮންމެވެސް އެއްޗެކޭ ކިޔާ މެސެޖުކޮއްލައެވެ. އައްޔަދު އެތަނަށް އައި ބޭނުންވެސް ފުރިހަމަ ވެއްޖެއެވެ. ހަގީގަތުގަވެސް އެހޮޓެލަކީ ފެންވަރު ރަނގަޅު ބޮޑުހޮޓެލެކެވެ. އޭނަގެ ބައްޕަގެ ވިޔަފާރި ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑު މަސައްކަތެއް ކުރަން ޖެހޭނެކަން އައްޔަދުއަށް އެނގެއެވެ. ޒަރާނާގެ އާދޭހަށް ފުރަގަސް ދޭން އައްޔަދުއަށް އިތުރަށް ބަހަނާާތަކެއް ދައްކާކަށް ނުކެރުނެވެ. އެހެންވެ މާދަމާ ގެއަށް ދާނަން ކަމުގައި ބުންޏެވެ. ޔޫހާ އާއި ދިމާވިކަން އެއީ އޭނަގެ ނަސީބޭ ހިތައްއަރުވާލައިގެން ގޮނޑިއަށް ހަށިގަނޑު ދޫކޮއްލާ އެއްފައިމައްޗަށް އަނެއްފައި އަރުވާލައިގެން އިން އައްޔަދު ޖީބުން ނެގި އައިޕޮޓް ގެ ހެޑްސެޓު އެއްކަންފަތަށް ޖަހާލަމުން ރީތި ލަވައެއް ޖަހާލިއެވެ. އޭނަ މިހާރު އެއިނީ އެއްފަހަރާ ދެކަންތައް ކުރަންށެވެ. އޭނަގެ ނަޒަރު ރެސްޓޯރެންޓުގައި ހުރި ބޮޑު ޓީވީއަށް ހުއްޓެމުން ދިޔައިރު ކަންފަތުން އޭނަ ދިޔައީ ރީތި އިނގިރޭސި ލަވައެއްވެސް އަޑުއަހަމުންނެވެ. ދޭތެރެއަކުން ފައިގައި ރާގުކުޅެލާފަދަ ގޮތަކަށް އިނގިލިތަކުން ޖަހާލައެވެ. އަދި ރެސްޓޯރެންޓުގައި މަސައްކަތްކުރާ ބައެއް އަންހެން ކުދިންގެ ނަޒަރުތައް ހުއްޓެމުންދާކަން އެނގުމުން ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. ބޮނޑިވެގެން ކޮންމެވެސް ވާހަކައެއް ދައްކަމުން ދިޔަ އަންހެން ގުރޫޕުގެ ތެރެއިން ކުއްޖަކު އައްޔަދު އާއި ދިމާލަށް އަންނަން ފެށިއެވެ.

“އެކްސްކިއުޒް މީ ސަރ، ޑޫ ޔޫ ވޯންޓް އެނީތިންގް އެލްސް” ތުއިގޮތަށް އައްޔަދުއަށް ބަލާލަމުން ބުނެލިއެވެ.

“ރެޑް ބުލްއެއް” އައްޔަދުއަށް އެއަންހެން ކުއްޖާގެ ހިތުގައިވާއެއްޗެއް އެނގުނީކަމެއް ނޭގެއެވެ. އެއްލޯމަރާލަމުން ހީލާފައި އޭނަ ބޭނުންވަނީ ކޯޗެއްކަން ބުނެލިއެވެ.

ދަންވަރު ތިނެއްޖަހަން އުޅެނިކޮށެވެ. ބްރޭކް ނަގަން ބޭނުންވެގެން ރިޝްފާ އެދެންފަށައިފިއެވެ. އަނެއްކޮޅުން އައްޔަދުވެސް އިރުއިރުކޮޅާ މެސެޖުކުރެއެވެ. ދެފަހަރަކު ކޮބާތޯ ކޮންއިރަކުން ތޯ އަންނަނީ ބަލަންވެގެން ގުޅަންވެސް ގުޅައިފިއެވެ.

“ރިޝް، ދެމީހުންނަށް އެއްފަހަރާ ނުދެވޭނެއެއްނު، ކައުންޓަރު ހުސްކޮށް ބަހައްޓާފަ ދާތަނުން މީހަކު އަތުވެއްޖެއްޔާ…” ޔޫހާ އުޒުރު ދައްކަމުންދިޔައެވެ.

“އޯކޭ، އަހަރެން ކައުންޓަރުގައި މިވަގުތަށް އިނދެދޭނެ ކުއްޖަކު ބުނެފިއްޔާ ޔޫހާ ދާނަންތައް، މިގަޑީގަ އަންނާނީ ދެން ކާކު، އެހެންނޫނަސް ބްރޭކް ނަގަންދެވޭނެ އެއްނު ކައުންޓަރު ބަލަހައްޓަން މީހަކު ހުރިއްޔާ….ދެން ބުނެބަލަ ދާނަމޭ، އަޔާ ކިހާ ލޯބިންތައް އެބުނީ ކޮފީ ބޯން ހިނގާށޭ…ޕްލީޒް…ޕްލީޒް…ޕްލީޒް…” ރިޝްފާ ހުއްޓާނުލާ ކިޔަންފެށިއެވެ. އޭނަ އިނީ އައްޔަދު އާއިއެކު ކޮފީ ބޯން ދާހިތުން ކެތްމަދުވެފައެވެ. އޭނައަށް އައްޔަދު ވަރަށް ރީތިވެފައި ހިތްކީއެވެ.

ޒައުލް ރިސެޕްޝަން ކައުންޓަރުގެ ކައިރިއަށް އައިިއިރު ޔޫހާއެއް އެތަނަކު ނެތެވެ. އަނެއްކާ އޭނަ ވީތަނެއް ހޯދުމަށް އެނބުރި ކޮޓަރިއަށް ދާކަށް ބޭނުމެއްނޫނެވެ. އަނެއްކޮޅުން ޔޫހާގެ ނަން ކިޔާކަށްވެސް އޭނަ ބޭނުމެއްނޫނެވެ. ކައުންޓަރުގައި ހުރި ސްޓާފަށް ލިފްޓުން ނުކުތް ޒައުލް ފެނުމުން ތެދުވިއެވެ. ޒައުލްއަށް ޔޫހާ ނުފެނުމުން އަނބުރާލާފަ ދާންއުޅެފަވެސް އޭނަ ކައުންޓަރުގައި ހުރި ސްޓާފަށް ބަލާލިއެވެ.

“މިތާ ކުރިން ޑިއުޓީގައި ތިބި ސްޓާފުން ކޮބާ؟” ޒައުލް މޫނުމަތިން ސީރިއަސްގޮތް ދައްކާލަމުން އަހާލިއެވެ.

“ސަރ، ބްރޭކްއަށް ދިޔައީ، ދާދި ދެންމެއަކު އެދިޔައީ…” ކައުންޓަރުގައި ޔޫހާ އާއި ރިޝްފާނެއްތަން ފޫބައްދަދެން އައިސް ހުރި ސްޓާފު ބުނެލިއެވެ. އޭނަހުރީ ކުއްލިއަކަށް ޒައުލް އެހެން އެހުމުން ހާސްވެފައެވެ. އަނެއްކާ މައްސަލައެއް ޖެހެން އުޅެނީ ބާއޭ ހިތަށް އަރާފައެވެ.

“ރެސްޓޯރެންޓަށް…” ޒައުލް އެއްއަތް ޖީބަށް ޖަހާލަމުން އަނެއްއަތުން ރެސްޓޯރެންޓު ހުރި ދިމާލަށް އިޝާރާތްކޮއްލާފަދަ ގޮތަކަށް ޝަހާދަތް އިނގިލި ދިއްކޮއްލަމުން އަހާލީ ޔަގީން ކުރާފަދަ ގޮތަކަށެވެ.

“ލައްބަ ސަރ…” އަވަސް އަވަހަށް ބޯޖަހާލަމުން އެސްޓާފު ޖަވާބުދިނެވެ. ޒައުލް ހަރުކޮށް ހިނގާލާފައި ގޮސް ރެސްޓޯރެންޓުގެތެރެއަށް ވަނެވެ. އެވަގުތު އެތަނުގައި ގިނައީ ސްޓާފުންނެވެ. އެހެންނަމަވެސް ތިންމޭޒެއްގައި ނޫނީ މީހަކު ނެތެވެ. ޒައުލް އިށީނީ މުޅި ރެސްޓޯރެންޓުގެ ހުރިހާ މޭޒެއްހެން ފެންނަ ގޮތަށް އެކަހެރިކޮށް ހުރި މޭޒެއްގައެވެ. އޭނަ އެތަނަށް އެގަޑީގަ ވަނުމުން ތަނަށްވެރިވެފައި އޮތް ސްޓާފުންގެ އަޑު މަޑުވެ ކުއްލިއަކަށް ހިމޭންކަމެއް ވެރިވެއްޖެއެވެ. ޒައުލްގެ ލޮލުގައި ޔޫހާ އާއި ރިޝްފާ އާއިއެކު އިން ޒުވާނާވެސް އަޅައިގަތެވެ. ކޮންމެ މީހަކު މިހާރު ވާހަކަދައްކަނީ ސިއްރުން ކަހަލަ ގޮތަކަށެވެ.

ޔޫހާއަށް ޒައުލް ފެނުމާއިއެކު ކުއްލިއަކަށް ކަމެއް ހަނދާންވީއެވެ. މޭޒުމަތީގައި އޮތް ފޯނަށް އޭނައަށް ބަލާލެވުމާއިއެކު ދުރުގައި އިން ޒައުލްއަށް ބަލާލެވުނެވެ. އޭނަގެ މޫނުމަތީގައިވި ހިނިތުންވުން އެކީގަ ފިލާ ހިނގައްޖެއެވެ. އޭނަ ކުޑަކޮށްވެސް ޒައުލް ދިން ފޯނުގެ މަތިން ހަނދާނެއްނެތެވެ. އޭނަ އެއައީ ގޭގައި އެފޯނު ބާއްވާފައެވެ.

“އޭ…ކާކުތަ އެއީ، އެންމެންގެ އަޑުތައް ކަނޑައިގެން ގޮސްފި އޭނަ ފެނިފަ، ޔޫހާގެ މޫނުގެ ކުލަވެސް ބަދަލުވެއްޖެ، މިހާރު ހީވަނީ ބްލެކް އެންޑް ވައިޓް ފިލްމުތަކުގަ ފެންނަ އެކްޓްރެސް އެއްހެން، މޫނުމަތީގައި ހުރި އުޖާލާކަން ގެއްލިއްޖެ….” އައްޔަދު ޔޫހާގެ ދަތްދޮޅީގައި އިނގިއްޖެއް ޖައްސާލަމުން އޭނަ އާއި ދިމާލަށް މޫނު އަނބުރާލިއެވެ. ދުރުގައި އިން ޒައުލްއަށް މިމަންޒަރު ފެނުމުން ދަތްތަކަށް ބާރުކޮއްލުމާއިއެކު ފައިގެ އިނގިލިތައް ކުރުކޮއްލެވުނެވެ. ވަގުތުން ގޮސް އެޒުވާނާގެ އިނގިލި ބިންދާލަން އޭނަ ހިތަށް އެރިއެވެ.

“އަޔާއަށް ނޭގޭތަ….އެއީ ޒައުލް، އަހަރުމެންގެ ބޮސް، މަންސޫރުކޯގެ ނިއު ފޭސް…ހެންޑްސަމް ދޯ، އެކަމަކު އަޔާ ވަރެއް ނުވޭ އެނގޭ، މި ޔޫހާ ވަރަށް ފިނޑިވާނެ، އަބަދުވެސް އުޅޭނީ ވެރިއަކަށް ފެނިދާނެތީ…ކޮބާތަ މައްސަލައަކީ، އަހަރުމެން މިއައީ ބްރޭކް ގަޑީގަ، މިވަގުތު މީ ހޮޓެލް އެންމެ އަމާންގަޑި….” ރިޝްފާ އައްޔަދުގެ ސުވާލުތަކަށް ޖަވާބުދިނެވެ.

“އޯ….އެއީތަ ޒައުލްއަކީ…ހޫމް، ގޯހެއްނޫން…ދޯ ޔޫހާ…އެކަމަކު ރިޝްވެސް ތިބުނީ ތެދެއް، އަހަރެން ވަރެއް އޭނަ ނުވާނެ ދޯ….ހެ ހެ ހެ ހެ” އައްޔަދު ސަމާސާގެ ރާގެއްގައި ހީލިއެވެ.

ޒައުލްއަށް ހީވަނީ ޔޫހާ އޭނައަށް ކަމެއް ދައްކަން މަސައްކަތް ކުރަނީހެނެވެ. އޭނަގެ ރުޅި ގަދަވަމުންދިޔައީ ހިތަށް ކުރާ އަސަރާ އިޙްސާސްވަމުންދިޔަ ތޫނުތަދުންނެވެ. ލޯބިވާ ވާހަކަ ބުނީމަ ޔޫހާއަށް ކަންތައް ކުރަން އެނގުނީ އެގޮތަށް ބާއެވެ. އަންހެނުންނަކީ ފިރިހެނުން ބަލިކަށިކުރާ ބައެކެވެ. ހިތްނުބައިބައެކެވެ. ޒައުލްގެ ދެލޮލުން އޭނަ ޔޫހާ އަނދާ އަޅިއަށް ހަދާލަން ބޭނުންވާކަން ފެންނަމުންދިޔައެވެ. އެހާވެސް ތޫނު ނުރުހުމުގެ ބަލާލުމެކެވެ. އޭނަ ދެކުނު ގޮތުގައި ޔޫހާގެ ހިތުގައި އޭނަގެ އިޙްސާސްތަކަށް އެއްވެސް ގަދަރެއްނުވެއެވެ.

“ދެން ހިނގާ ދަމާ” އެތަނުގައިތިބި އެކަކުވެސް ޒައުލްގެ ނަޒަރު އަމާޒުވެފައިވާ ދިމާލެއް ބެލުމުގެ ޝައުގުވެރިކަމެއްނެއް ކަމުގައިވިޔަސް ޔޫހާއަށް ޒައުލް އެބަލަނީ އޭނައަށްކަން އެނގި އެތަނުން ދާން ބޭނުންވިއެވެ.

“ހާދަ އަވަހަކަށް، އަދި ދިހަމެނުޓުވެސް ނުވާނެ މިތަނަށް އައީތާ” އައްޔަދުއަށްވުރެ ކުރިން ޝަކުވާކުރީ ރިޝްފާއެވެ.

“ކިހިނެއްވީ، ބޮސް އައީމަތަ….އޭނަ އެތާ އިނދެ ކޮފީއެއް ބޯލައިގެން ހިނގައިދާނެ، އެކަމާ އަޅާނުލާބަލަ، އަދި ކުޑައިރުކޮޅަކު މަޑުކޮއްލަބަލަ” އައްޔަދު މޭޒުމަތީގައި އޮތް ފޯނުގެ މަތީ ބާއްވާލެވިފައިވާ ޔޫހާގެ އަތްތިލާގެ މަތީ އޭނަގެ އަތްތިލަ ބާއްވާލަމުން ބުނެލިއެވެ. އެހިނދު ޔޫހާ އަތްދަމައިގަތީ އޭނައަށް އުނދަގޫވިކަހަލަގޮތަކަށެވެ. އެހެންނަމަވެސް ވަކިއެއްޗެއް އޭނަ އެކަމާ ގުޅިގެން އައްޔަދު ކައިރީ ނުބުނެއެވެ.

“ސަރ، ކޮފީ…” ޒައުލްގެ މޭޒުގެ ކައިރިއަށް ހޫނު ކޮފީތައްޓެއް ތަބަކަކަށް ލައިގެން އައިސް ހުއްޓުނު ވެއިޓަރު ބުނެލިއެވެ. ޒައުލް އަނގައިން ނުބުނެ މޭޒަށް އިޝާރާތްކޮއްލީ ބަހައްޓާށޭބުނާފަދަ ގޮތަކަށެވެ. ވެއިޓަރުގެވެސް ހަރަކާތްތައް ހުރިގޮތުން ހީވަނީ އޭނަވެސް ބޭނުންވެފައި އެހުރީ ޒައުލްގެ ކައިރިން ދުރަށް ދިއުމަށެވެ. ކޮފީ ޖޯޑަށް ބަލާލުމުން ދުންއަރާތަން ފެނުމާއިއެކު ކޮފީގެ ވަސް ޒައުލްގެ ނޭފަތުގައި ޖެހުނެވެ. ކޮފީއަށް ލޯބިކުރާ ޒައުލް މިފަހަރު ހޫނުކޮށްހުއްޓާ އެކޮފީތަށި ބޯން ހިތަށްނާރާ ކަހަލައެވެ. އޭނަގެ ލޯ އަމާޒުވެފައިވަނީ ޔޫހާ އާއި އައްޔަދުގެ ހަރަކާތްތަކަށެވެ. އައްޔަދުގެ ކިތަންމެ ކުޑަކުޑަ ހަރަކާތެއްކަމަކު ޒައުލްގެ ހިތް ނުތަނަވަސް ކުރުވާގޮތްވެއެވެ. މޭޒުމަތީ ހުރި ކޮފީޖޯޑަށް ވިސްނާނުލާ އަތްދަމާލި ޒައުލްގެ އަތްޖެހި ހޫނު ކޮފީ އޭނަގެ އަތްތިލައަށް ކުޑަކޮށް ބަންޑުންވިއެވެ. އަވަސް އަވަހަށް މޭޒުމަތީގައި ހުރި ޓީޝުތަކުން އޭނަގެ އަތް ފުހެލިއެވެ. ކޮފީތަށި ދުރަށް ކޮއްޕާލިގޮތުން ހީވީ އެ ދެކެވެސް ޒައުލް އައީ ރުޅިހެންނެވެ. އެންމެ ފަހުން ކޮފީތަށި ނުބޮއެ އެތަނުން ތެދުވެގެން ނުކުންނަން ހިނގައިގަނެއްޖެއެވެ. ދެފަޔަށް ބާރުލާފައި އޭނަ ދިޔައީ އޭނަގެ ކޮޓަރިއަށް ދާށެވެ.

މިމަންޒަރު ޔޫހާއަށް ފެނި ހައިރާންވިއެވެ. އަނެއްކޮޅުން ޒައުލްގެ ސިކުނޑީގައި ހިނގަމުންދާނީ ކޮންފަދަ އޮއެވަރެއްކަމެއް ނޭގޭނެއެވެ. ޒައުލް ދިން ފޯނު ނުލާ ޔޫހާ އައީ އެކަމުގެ މަތިން އެއްގޮތަކަށްވެސް ހަނދާންނެތީމައެވެ. ޒައުލް ދިޔަތާ އިރުކޮޅެއްފަހުން ޔޫހާ ކިޔާވަރުން ރިޝްފާވެސް އެންމެފަހުން އެތަނުން އެނބުރި ޑިއުޓީއަށް ދިއުމަށް އެއްބަސްވެއްޖެއެވެ. ރިޝްފާ ގަބޫލުވުމުން އައްޔަދުއަށް އިތުރަށް ޔޫހާ ހިފަހައްޓާކަށް ނުކެރުނެވެ. އޭނަވެސް އެދެމީހުންނާއިއެކު ރެސްޓޯރެންޓުން ނުކުމެގެން ޔޫހާމެން ތިބޭ ރިސެޕްޝަން ކައުންޓަރާއި ދިމާލަށް ދިއުމަށް ހިނގައިގަތެވެ.

“އޭ…އަހަރެން މިހުރީ ވަރަށް ބިރުން، އެނގޭތަ…ބޮސް މިތަނަށް އަޔޭ، އެހީ ތިދެމީހުން ކޮބޯތާ….ނަސީބެއް މައްސަލަ ނުޖެއްސިކަން، އިތުރު ސުވާލެއް ނުކޮށް ރެސްޓޯރެންޓާއި ދިމާލަށް ދިޔައީ، ފެނުނުތަ…” ކައުންޓަރުގައި ހުރި ރިޝްފާގެ ރަޙުމަތްތެރިޔާ ބުނެލިއެވެ.

“ހާސްނުވޭ، ބޮސްއަށް އަހަރުމެން ފެނުނު، އެއްވެސް ސުވާލެއް ނުކުރޭ، އައި ތިންކް ހީޒް ކޫލް….ތޭންކްސް ވަރަށް ބޮޑަށް” ރިޝްފާ ކައުންޓަރުގެ އެތެރެއަށް ވަންނަމުން ބުނެލިއެވެ.

“އެނީ ޓައިމް” ހީލާފައި މިހެން ބުނެ ކައުންޓަރުގައި ހުރި ރިޝްފާގެ ރަޙުމަތްތެރިޔާ ނުކުމެގެން ހިނގައްޖެއެވެ. ރިޝްފާ ކައުންޓަރުގެ އެތެރެއަށްވަދެ ހަމަޖެހިލުމާއިއެކު އޭނަ އާއި ޖެހިގެން ހުރި ގޮނޑީގައި ޔޫހާ އިށީނދެ ހަމަޖެހިލައިފިއެވެ. ޔޫހާއަށް ގޮނޑީގައި ބުޑުހެޔޮވަރުކޮއްލެވުނަސް ހިތާ ސިކުނޑިވަނީ ހާސްކަމެއްގެ ތެރޭގައެވެ. އޭނަގެ ހިތްބުނަނީ ޒައުލް ހުރީ ހިތްހަމަ ނުޖެހިފައިކަމެވެ. ރަނގަޅަށް ވެއްޖެޔާ ވަރަށް ގިނަފަހަރު މިހާރު ޒައުލް އޭނައަށް ގުޅައިފި ކަންނޭގެއެވެ. އޭނަގެ ފަރުވާ ކުޑަކަމޭ އަމިއްލައަށް ޔޫހާގެ ހިތަށް އެރިއެވެ. އަދި ތުންފިއްތާލަމުން ނިތަށްރޫއަރުވާލެވުނެވެ.

“ހޭ…ޔޫޔޫ…ވަޓްސް ރޯންގް، މޫޑު ގޯސްވެއްޖެހެން ވަރަށް ހީވޭ” ފުންނަޒަރަކުން ޔޫހާގެ ހަރަކާތްތަކަށް ބަލަންހުރި އައްޔަދު ސަމާސާ ގޮތް އެކުލަވާލަމުން ބުނެލިއެވެ. އޭނަ ހުރީ ޔޫހާ ހަމަޖެހިލުމުން ވާހަކަދައްކާލާނެ ފުރުޞަތަކަށް ބަލަބަލައެވެ.

“ކަމެއްނުވޭ، ކުރަން ހުރި ކަންތައްތައް މަތިން މިހަނދާންވީ، އަޔާ ދާންވީނު ދެން ކޮޓަރިއަށް، ބޮސްމިރޭ މިކޮޅުގަ އުޅުއްވާ ރެއެއްވީމަ ފަހަރެއްގަ މާގިނައިން މިތަނުން އައްޔަދު ފެންނަންޔާ ސުވާލުކޮއްފާނެ، ޔޫ ނޯ އައި ޑޯންޓް ލައިކް އިޓް….ކޮޓަރިއަށް ގޮސް ދެން ނިދާލާ، މިހާރު ކޮފީވެސް ބޮވިއްޖެއެއްނު” ޔޫހާ އައްޔަދުއަށް ބަލާލަމުން ބުނެލިއެވެ.

“އޯކޭ، އައި އެމް ގޮއިން، ޔޫހާ ބޮސްދެކެ ތިހާ ބިރުގަންނާކަށް ނުވާނެ، މިތަނުގެ މުވައްޒަފުން ހާދަ ބިރެކޭދޯ މިގަންނަނީ އޭނަ ދެކެ، ދެން ރަނގަޅު، ވެރިމީހާގެ ސިފަތަށް އޭނަގެ ގައިގަ އެބަހުރިތާ ދޯ…ޔޫހާ، ހެނދުނުން އަހަރެން ހޮޓެލުން ނުކުންނަން، ޔޫހާގެ ޑިއުޓީވެސް ނިމޭނެއެއްނު އެހާއިރު، އަހަރެން ފަހުން ގުޅާނަން އެނގޭ” އައްޔަދު މިހެން ބުނެ ދާން ހިނގައިގަތެވެ. އަދި ރިޝްފާއަށްވެސް ދަނީއޭ ބުނެ އަތުން ހަނާއަޅާލަމުން ހިނިތުންވެލިއެވެ. ރިޝްފާ ހީވީ ބައްތިރީސް ދަތްއެއްފަހަރާ ދައްކާލި ގޮތަށް އަނބުރައިގަނެފާނެހެނެވެ.

“ޔޫހާ، އަޅެ ޕްލީސް މަށަށް އަޔާ ސެޓުކޮއްދީބަލަ، ހާދަ ސަޅިއޭ، އެހެރަ ސްޓައިލެއް، އިރުއިރުކޮޅާ ނިތްކުރިމައްޗަށް ވެއްޓޭ އިސްތަށިކޮޅު ރަނގަޅުކޮއްލާ ގޮތް…އޯ…އެހެރަ ހުދު ހުދު ދަތްތަކެއް…އެހެރަ ސްމާޓްކަމެއް….ޕްލީސް ޕްލީސް، އަހަރެން ބޭނުން އަޔާ” އައްޔަދު ދިޔައީތޯ ގޮނޑިން ތެދުވެ ކައުންޓަރުމަތީ އަތްއަޅުވާލަމުން ބަލާލި ރިޝްފާ ބުނެލިއެވެ. އޭނަ ޔޫހާގެ ކައިރިއަށް ގޮނޑި ޖައްސާ ކައިރިކޮއްލަމުން އައްޔަދުގެ ވާހަކަތައް ދައްކަމުން ދިޔައެވެ. ޔޫހާ ކުޑަކޮށް ހިނިތުންވެލާފައި އެއްވެސް އެއްޗެއް ނުބުންޏެވެ.

“ކީއްވެތަ އެއްޗެއް ނުބުނެ ތިއިންނަނީ، އަނެއްކާ ޔޫހާ ލައިކްވަނީތަ އަޔާދެކެ” ރިޝްފާ ހައިރާންވެފައި އަހާލިއެވެ. އޭނަ އެހެން އަހާލިއިރު އެއަޑުގައި މީގެ ކުޑައިރުކޮޅެއް ކުރިންވި ފޯރި އާއި ދިރުމެއްނެއްކަން ޔޫހާއަށް ފާހަގަވެ އަވަސް އަވަހަށް ރިޝްފާއަށް ބަލާލިއެވެ.

“ނޫން، އައްޔަދު އާއި ދޭތެރޭ އެފަދަ ގޮތަކަށް ނުދެކެން، ރިޝްފާ ތިހާ ބޭނުންވަންޏާ އައްޔަދު އާއި ގުޅެންވީ، އެކަމަކު ބުނަން، އަހަންނަށް ތިކަހަލަ ކަންތައްތަކެއް ކޮށެއްނުދެވޭނެ…ރިޝް އަމިއްލައަށް ވާނީ އޭނަ އާއި ގުޅެން ބޭނުންވާކަން އަންގަން، އަހަރެން ދެކެނީ އައްޔަދުއަކީ ރަނގަޅު ރަޙުމަތްތެރިއެއްގެ ގޮތުގައި، އޭނައަށްވެސް އެކަން އެނގޭނެހެން ހީވަނީ، އޭނަވެސް އަހަރެން ކައިރީ ނުދައްކާ އެފަދަ ވާހަކައެއް…ހިތްހަމަޖެހިއްޖެތަ” ޔޫހާ އައްޔަދު އާއި އޮތްގުޅުން ރިޝްފާއަށް އޮޅުންފިލުވާދީފައި އޭނަ މިހާރު ހިތްހަމަޖެހިއްޖެތޯޯ އަހާލިއެވެ. ރިޝްފާ ރަކިގޮތަކަށް ހީލާފައި އަވަސް އަވަހަށް ބޯޖަހާލަމުން ގޮނޑި ދެކޮޅަށް އަނބުރާލިއެވެ.

ހެނދުނު ހައެއްޖެހިފަހުން ކައުންޓަރަށް ފޯނެއް އައެވެ. އާދައިގެ މަތިން ރިޝްފާއަށް ނުޖައްސާ ފޯނުނެގީ ޔޫހާއެވެ.

“ޔޫހާ، މިހާރު މިވަގުތު އަހަރެން ބޭނުންވަނީ ޔޫހާ މިކޮޓަރީގައި ހުންނަން…” ޔޫހާ ރަސްމީ ސިފައެއްގައި ފޯނުންވާހަކަދައްކަމުން ދަނިކޮށް ޒައުލް ބުނެލިއެވެ. ޔޫހާގެ މޫނުމައްޗަށް ހާސްކަންވެރިވެގެންދިޔައެވެ. އޭނައަށް ކައިރީގައި އިން ރިޝްފާއަށް ބަލާލެވުނެވެ.

“މިވަގުތު…ޑިއުޓީ…ރިޝްފާ…” ޔޫހާ އަޅައިގަންނަމުން ކަހަލަ ގޮތަކަށް ވަކިވަކި ބަސްތަކެއްހެން ބުނެލިއެވެ. އޭނައަށް ރިޝްފާ ކައިރީގައި އިނުމުން ވާހަކަދައްކަން އުނދަގޫވީއެވެ. ބުނަންބޭނުންވީ ރިޝްފާވެސް މިވަގުުތު އޭނަ އާއިއެކު ޑިއުޓީގައި އެބައިން ކަމާއި ޑިއުޓީ ނުނިމެނިސް ދާނީ ކިހިނެއް ހެއްޔެވެ.

“އަހަރެން ބުނީމަ ދެން އަންނަންވީނު، ބަހަނާތަކެއް ތިދައްކަނީ ކީއްވެތަ….އަހަންނަށް ހެޔޮ ރިޝްފާ ކައިރީ ކޮންމެ އެއްޗެއް ބުންޏަސް، އެކަމާ އަހަރެން ވިސްނާކަށް ބޭނުމެއްނޫން، އެކަމަކު މިވަގުތު މިތަނުގައި ޔޫހާ ހުންނަން އަހަރެން ބޭނުންވޭ” ޒައުލްގެ އަޑުގައިވަނީ ހަރުކަށިކަމެވެ. އޭނަ ބޭނުންވާ ގޮތަށް އެކަން ވާންޖެހޭނެކަން ޔޫހާއަށް އަމުރުކުރާފަދަ ގޮތެކެވެ. ޔޫހާ ހޫން ލައްވާލާފައި ފޯނުގެ އަތްގަނޑު ބޭއްވިއެވެ. މަސައްކަތުގައި މަސްއޫލުވެ އިން ރިޝްފާ ޔޫހާ އާއި އެއްވެސް ސުވާލެއް ނުކުރިއެވެ. އިރުކޮޅަކު ޑެސްކްޓޮޕާއި ދިމާލަށް ބަލަހައްޓައިގެން ޔޫހާ އިނީ ރިޝްފާ ކައިރީ ބުނާނެ ގޮތެއް ނޭގިގެންނެވެ. ޒައުލްގެ ނަން ކިޔައިފިނަމަ ހޫނު ޚަބަރެއްގެ ގޮތުގައި މުޅި ހޮޓެލްތެރޭ އެވާހަކަ ފެތުރިގެންދާނެކަން ޔަގީނެވެ. އަދި އަމުދުން ކައިރީގައި އިން ރިޝްފާއަކީ ވާހަކަ ހިފައިގެން މީހުން ކައިރިއަށް ދިއުމުގެ މާހިރެކެވެ. އެހާ އަނގަގަދަ ވާނެއެވެ. އެހެން ވިސްނަން އިންދާ އަނެއްކާވެސް ފޯނު ރިންގުވިއެވެ. މިފަހަރު ޔޫހާ މަޑުކޮއްލީ ރިޝްފާ އެފޯނު ނަގާ ޖަވާބުދޭތޯއެވެ. އޭނައަށް އެގުޅަނީ ޒައުލްއަށް ވިޔަސް އެންމެންގެ ތެރޭ އެދެމީހުންގެ ވާހަކަތައް ފެތުރިގެންދާން އަދި މާއަވަހެވެ. ރިޝްފާ ޔޫހާއަށް ބަލާލާފައި ފޯނުނެގިއެވެ. މީހަކު ވާހަކަ ނުދެއްކުމުން ފޯނުގެ އަތްގަނޑު ރިޝްފާ ބާއްވާލިއެވެ. ޔޫހާއަށް އިތުރަށް މަޑުން އިންނާކަށް ނުކެރުނެވެ. ޒައުލް ކަންތައްކޮއްފާނެ ގޮތަކާއިމެދު އޭނަ ހާސްވަނީއެވެ. ރިޝްފާގެ ކައިރީ ދޮގެއް ހަދާލަމުން އޭނަ ތަންކޮޅެއް ކުރިން ދިޔަޔަސް އެންމެ ރަނގަޅުތޯ އަހާލިއެވެ. ރިޝްފާ ވިސްނާލަން މަޑުކޮއްލުމަށްފަހު އާއެކޭ ބުނެލިއެވެ.

ކޮޓަރީގެ ތެރޭ ފޯނު އަތަށް ލައިގެން ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޒައުލްއަށް އެކޮޓަރީގެ ދޮރުގައި މީހަކު ޓަކިދިން އަޑުއިވުނެވެ. އަވަސް އަވަހަށް އެތެރެއަށް ވަނުމަށް ބުނެލިއެވެ. އެއާއިއެކު ޔޫހާ އެބޮޑު ދޮރުން އެތެރެއަށް ވަނެވެ. އެއްވެސް ވަރަކަށް ކަރަންޓުގެ އަލިކަމެއް އެތަނުގައި ނުވެއެވެ. ބިއްދޮށުގައި ހުރި ބިއްލޫރި ބޮޑު ކުޑަދޮރުން އަރައިގެން އަންނަ އިރުގެ ދޯދިތަށް އެތަނަށް ވަންނަމުންދިޔައެވެ. ހިޔަންޏެއް ފަދައިން ޔޫހާާ އާއި ދިމާލަށް އައި ޒައުލްގެ ބޮޑު ސޫރަ ކުއްލިއަކަށް ޔޫހާގެ އެއްއަތުގެ މުލައްދަނޑީގައި ބާރަށް ހިފާލިއެވެ.

“އަންނަންވެއްޖެތަ…އެއީ ކާކު…ބުނެބަލަ، އެއީ ކާކުހޭ….” ޒައުލްގެ ރުޅިވެރިކަން ވެރިވެފައިވާ މޫނު ޔޫހާއަށް ސާފުވީ އެވަގުތުއެވެ. ދެލޯބޮޑުވެފައި ބިރުގެންފައިވާ ގޮތަކަށް ޒައުލްއަށް ބަލަހައްޓައިގެން ޔޫހާއަށް ހުރެވުނީއެވެ.

“އަނގައިންވެސް ނުބުނަން ތިހުންނަނީ އެއީ ކާކުކަން އަހަރެން ކައިރީ ނުބުނަންތަ؟ އަދި ހާދަ ގޮތެއްވެސްވެސް ނެތް މީހެކޭ ދޯ، އޭނަ ޖެހޭތަ ޔޫހާގެ ގައިގަ އަތްލަން….އެހެންނުވާނީ ތިމާ މީހާ ހުރީ ވަރަށް އުފަލުންވިއްޔަ އޭނަ އަތްޖައްސާލީތީ….އޭނަ އަތްލަން ދިނީ ކީއްވެތަ” ޒައުލް ދަތްތަކަށް ބާރުލާފައި ވާހަކަދައްކަމުންދިޔައެވެ. އޭނަގެ ރުޅި މަޑުކުރުމަށްވުރެ ހިތުގައިވާ ހުރިހާ އުދާހެއް އޭނަ ބޭނުންވީ ބޭރުކޮއްލުމަށެވެ.

“ޒައުލް…ހަމަޖެހިބަލަ، އޭނައަށް ކިޔަނީ އައްޔަދު، އެއީ އަހަރެންގެ ރަޙުމަތްތެރިއެކޭ، އޭނަ އަހަރެންގެ ގައިގަ ކޮންއިރަކުތަ އަތްލީ، ރަޙްމަތްތެރިން ވާހަކަދައްކާއިރު ފަހަރެއްގަ އެފަދަ ގޮތަކަށް ގޮވާލާ ހަދާލަ ފާނެއެއްނު، އެއީ މައްސަލައެއްތަ، އަޔާ އަހަންނަށް ގޮތެއް ހަދާކަށް ނޫނޭ އުޅުނީ” ޔޫހާ ވިސްނާދޭ ފަދަ ގޮތަކަށް ބުނެލިއެވެ.

“ހެވޭ، އަަހަރެން ކިހާ ވަރަކަށް ގުޅައިފިން، ފޯނުވެސް ނުނަގަން ތިހުންނަނީ އެމީހަކާ ވާހަކަދައްކަން ވެގެން، އަދި ބުނެފިޔޭ އަޔާ އޭ…އޭނަ ނުޖެހޭނެ އިނގިލި ކުރިވެސް ޔޫހާގެ ގައިގަ ޖައްސާލާކަށް، ޔޫހާއަށް އެކަން މަނައެއް ނުކުރެވުނުތަ…އެންމެ ފުރަތަމަ އަތްލާނީ ކުޑަކޮށޭ، ދެން އަތްލެވޭނީ އެހެންގޮތަކަށް…އޭރުން އަދި މާއުފާވާނެ ދޯ….އަހަރެން ލޯބިވާ ވާހާކަ ބުނީމަތަ އަހަންނަށް ތިތުޔެއް ތިދައްކަނީ…ކަލޭގެ ހިތްނުބައިކަން ދޯ، އޭނަ އެވަރަށް އަތްލީމަ ހިތްހަމަ ޖެހުނުތަ ދެން…” ޒައުލްގެ ވާހަކަ އާއިއެކު ޔޫހާގެ އަތުގެ މުލަށްދަނޑިއަށްވެސް ދިޔައީ ބާރުވަމުންނެވެ. އެކަން ޒައުލްއަށް އިޙްސާސް ނުކުރެވޭކަން ޔޫހާއަށް އެނގެއެވެ.

“އައްދޯއި، ޒައުލް އަހަންނަށް ތަދުނުކޮއްބަލަ، މިހާރު އަތަށް ތަދުވެޔޭ، ދޫކޮއްލަބަލަ، ރުޅިމަޑުކުރީމައެއްނު އަހަރެން މިދައްކާ ވާހަކައެއް ވިސްނޭނީވެސް، އަހަރެން އޭނައާ ގުޅޭކަށް ނޫޅެމޭ، އަދި ޒައުލް ދެރަކުރާކަށްނޫނޭ އޭނަ އާއިއެކު ކޮފީގަ އިނީ….ޕްލީޒް ދޫކޮއްލަބަލަ، ވަރަށް ތަދުވޭ އެބަ” ޔޫހާ އަދިވެސް މަސައްކަތް ކުރަމުން ދިޔައީ ހަމަޖެހިގެން ހުރެ މަޑުމައިތިރި ކަމާއިއެކު ވާހަކަދެއްކޭތޯއެވެ.

“އަހަރެން ދެރަ ކުރާކަށް ނޫނޭ، ހުއް….އަހަރެން ދެރައެއްނުވޭ….އަހަރެންވެސް އަތްލަންވީނު ޔޫހާގެ ހަށިގަނޑުގަ، އޭނަ އަތްލީ މިތަނުގަތަ…އޭން….މިތަނުގަތަ، ނޫނީ މިތަނުގަތަ….މިހެންތަ އަތްލީ….އޭ…މިހެންތަ” ޒައުލް ކުއްލިއަކަށް ޔޫހާގެ އަތުން ދޫކޮއްލުމަށްފަހު އޭނަގެ ގައިގެ އެތަންމިތަނުގައި އަތުން ކޮއްޕަމުންދިޔައެވެ.

“ޒައުލް….ކޮންވައްތަރަކަށްތަ ތިއުޅެނީ…ތިހެން ނުހަދަބަލަ، މިބުނަނީނު އެއްވެސް ކަމެއްނުވެޔޭ….ޒައުލް، މިތަނުގެ ޔުނީފޯ މޭ މީ…ޒައުލް، ޕްލީޒް، ދެންހެޔޮ…ޕްލީޒް…” ޔޫހާވެސް ބިރުގަންނަ ހިސާބަށް ޒައުލްގެ ކަންތައްދިޔައެވެ. އޭނަ ޔޫހާ ދައްކާ ވާހަކައެއް އެއްގޮތަކަށްވެސް އަޑުއަހާކަށް ބޭނުމެއްނޫނެވެ. މޮޔަވެފައި ހުރި މީހެއްހެން ޔޫހާގެ ގަޔަށް ލޮލަށް ބޮލަށް އަރަނީއެވެ. ޔޫހާގެ ޔުނީފޯމް ޖެކެޓުގައިވާ ޖީބުވެސް ދަމައިގަތް ގަތީނުން އިރާލައިފިއެވެ.

ޒައުލްގެ އަތުން ސަލާމަތްވުމަށް ޔޫހާ ފަހަތަށްދާންފެށިއެވެ. އެހިނދު ބޮޑު ފިޔަވަޅެއް ޔޫހާގެ ކައިރިއަށް އަޅާލުމާއިއެކު ޔޫހާގެ ދެއަތުގެ މުލައްދަނޑީގައި ހިފާކައިރިއަށް ގެނެއެވެ. ސިހިގެން ދިޔަ ޔޫހާ ހަޅޭލަވައިގަތެވެ. ޒައުލްގެ ރުޅިވެރިކަމުގެ ތެރެއިން އޭނަގެ ހިތަށް ތަދުވެފައިވާވަރު ޔޫހާއަށް ނަގައެއްނުގަނެވުނެވެ. އޭނަ ޒައުލްގެ އަތްފޮޅުވާލާފައި ދުރަށް ދިއުމަށް އުޅުނެވެ. އޭގެ ސަބަބުން ޒައުލްގެ ހިތްހަމަނުޖެހުން އިތުރުވެގެންދިޔައެވެ.

“އަހަރެންގެ އަތުން ދޫކޮއްލާ، ކިހިނެއްވެގެންތަ ޒައުލް ތިއުޅެނީ….ތީދެން ބޮޑުވަރު އެނގޭ، މިބުނީނު ދޫކޮއްލާށޭ” ޔޫހާ ހަޅޭލަވައިގަތެވެ.

“އަހަރެން ނޫން ކޮންމެ މީހަކު ޔޫހާގެ ގައިގާ އަތްލިޔަސް ވަރިހަމަ، އަހަރެން އަތްލީމަ ދޯ ކަމުނުދަނީ…ވެން ޑިޑް ޔޫ ބިކަމް ދެޓް ޗީޕް…އެހެންވެ ދޯ ފައުޒީވެސް ޔޫހާގެ ފަހަތުން އުޅުނީ” ޒައުލްގެ ވާހަކަ ނުނިމެނިސް އޭނަގެ މޫނުގައި ޔޫހާގެ އަތްތިލާގެ ހޫނުކަން އިޙްސާސް ކުރެވިގެންދިޔައެވެ.

“އައި ލަވް ޔޫ ޑެމިޓް…” މިހެން ބުނެލި ޒައުލްގެ އަޑުބަދަލުވެގެންދިޔައެވެ. އަދި މަޑުމަޑުން ޔޫހާގެ އަތުން ދޫކޮއްލުމަށްފަހު އެތަނުގައި ހުރި ސޯފާގައި އިށީނދެއްޖެއެވެ. ދެކަކުލުގައި އުޅަންބޮށި ވިއްދާލުމާއިއެކު ދެއަތުގެ ތެރޭ މޫނުފޮރުވާލައިގެން އޭނަ އިނެވެ. ޔޫހާއަށް ޒައުލް އާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ޔޫހާ އައިސްފަހުރި ރުޅިވެސް މަޑުވެއްޖެއެވެ. ޒައުލްއަށް ވީގޮތުން ޔޫހާއަށް ޒައުލްގެ މޫނުގައި ޖެހި އަތްމުއްކަވާލެވުމާއިއެކު ބާރުކޮއްލެވުނެވެ. އޭނަ ޒައުލްގެ މޫނުގައި އެގޮތަށް ޖަހާކަށް ބޭނުމެއްނޫނެވެ. އެހެންނަމަވެސް ޒައުލް އޭރު ހުރީ ހަމަހޭގައެއްނޫނެވެ. އޭނައަށް ދެއްކޭވާހަކަވެސް ރަނގަޅަށްނޭގެއެވެ. މީގެ ކުރިން ޒައުލްއަކީ މިހާ ރުޅިގަދަ މީހެއްކަމެއް ޔޫހާ ނުދެނަހުއްޓެވެ. އޭނައަށް ރުޅިއަކީ ވަރަށް ކަމުނުދާ ސިފައެކެވެ. ޒައުލްގެ ފަރާތުން އޭނައަށް ކަމުނުދާ އެތަށްކަމެއް ފެނެއެވެ. އޭނަގެ ހިތުގައި ޒައުލްނޫން ފިރިހެނަކަށް ޖާގައެއްދެވިފައެއްނުވެއެވެ. އެންމެ ފުރަތަމަ ޒައުލްދެކެ ވީ ލޯބި އަދިވެސް ބަދަލެއްނުވެއެވެ. އެކަމަކު ޒައުލް ބަދަލުވެއްޖެއެވެ. ކިޔާންގެ ބައްޕައަކީ ޒައުލްކަމާމެދު އެއްވެސް ޝައްކެއް ޔޫހާއަށް ނުވެއެވެ. އެހެންނަމަވެސް ޒައުލްގެ ޢަމަލުތައް ހުންނަގޮތުން އޭނައަކީ ކިޔާންގެ ބައްޕައެއްގެ މަގާމަށް އެންމެ އެކަށީގެންވާ މީހާ ކަމާމެދު ޔޫހާގެ ހިތުގައި ސުވާލު އުފެދެނީއެވެ. އޭނަގެ އެރުޅިއަކީ ޔޫހާ އެންމެ ނަފުރަތުކުރާ އެއްކަމެވެ. ކިޔާންގެ ކުރިމަތީގައި އެހެން އޭނަ އުޅޭނަމަ އެކަމުގެ އަސަރު ކިޔާންއަށް ވަރަށް ބޮޑަށް ކުރާނެކަން ޔޫހާއަށް އެނގެއެވެ. ފަހަރެއްގަވެސް ޒައުލް އާއި ކައިވެނި ކުރަން އޭނަ ބޭނުންނުވަނީއެއްނޫނެވެ. އަދި އޭނަ އެހެންމީހަކަށް ހިތްކީއެއްވެސް ނޫނެވެ. ދުރުގައި ހުރި ސޯފާގައި ޒައުލް ބަހެއްނުބުނެ އިންނަން ފެށުމުން ޔޫހާ ދެރަވިއެވެ. ލައިގެން ހުރި ޖެކެޓު ވަރަށް ބޮޑަށް ވީދައިގެން ގޮސްފައިވާތީ އެބާލާފައި އެއްފަރާތު ފާރުކައިރީ މާވަށިގަނޑެއް ބަހައްޓާފައި ހުރި ހިމަމޭޒުގެ މަތީ ބާއްވާލުމާއިއެކު ޒައުލްގެ ގާތަށް ކުދިފިޔަވަޅުތަކެއް އަޅަމުންދިޔައެވެ. ޔޫހާ ޒައުލްގެ ކުރިމަތީ ކަކޫޖަހާލުމާއިއެކު އިށީނދެ ޒައުލްގެ ދެއަތުގައި ފިރުމާލަމުން ގޮވާލިއެވެ.

“ޒައުލް….” ޔޫހާ މަޑުމަޑުން އޯގާތެރިއަޑަކުން ބުނެލިއެވެ.

“އައި އެމް ސޮރީ، އަހަންނަށް އެނގޭ އެހެން ކަންތައްކުރާކަށް ނުވާނެކަން، އެކަމަކު….އަހަރެން…..އަހަރެން ބިރުގަތީ ޔޫހާ ގެއްލިދާނެތީ….އަހަރެން ހީކުރީ ޔޫހާ އަހަރެންގެ ކައިރިން ބަދަލު ހިފަން ބޭނުންވަނީއޭ، އަދި އެއްވެސް މިހާރު، އަހަރެން ޔޫހާދެކެ ލޯބިވާ ކަމާ ޔޫހާ އާއި ގުޅެން ބޭނުންވާކަން އެނގުމުން….އައިއެމް ސީރިއަސް….ވެރީ ސީރިއަސް އަބައުޓް ޔޫ….އަހަރެން ކައިވެނިކުރަން ބޭނުން…އައި އެމް ސޮރީ ބޭބީ….އައި އެމް ވެރީ ސޮރީ، ތަދުވިތަ އަތަށް، ސޮރީ އެނގޭ އެހާބާރަށް ހިފުނީމަ، ސޮރީ އެގޮތަށް ހަޅޭލެވުނީމަ” ޒައުލް މަޑުމައިތިރި އަޑަކުން ބުނެލިއެވެ.

“އިޓްސް އޯކޭ…” ޔޫހާ އަނެއްކާވެސް ޒައުލްގެ އަތުގައި ފިރުމާލަމުން ބުނެލިއެވެ. ލޯތްބާއިއެކު ޒައުލް ޔޫހާއަށް ބަލާލުމާއިއެކު އެރީތި މޫނުގައި ދެއަތުން ހިފާލިއެވެ. އޭނަ އެމޫނަށް ހިތްފުރެންދެން ބަލާލަން ބޭނުންވިއެވެ. ޔޫހާ އާއި ޒައުލްގެ ހަތަރުކަޅި ބައްދަލުވި ހިނދު ޒައުލްގެ ލޮލުގައި ބަޔާންކުރަން ދަތި ޖާދުލެއްވާކަން ޔޫހާއަށް އިޙްސާސްކުރެވިގެންދިޔައެވެ. އޭނަގެ ހިތަށް ފިނި ފެންއެއްޗެއް އޮއްސާލިފަދަ އިޙްސާސްއެއް ކުރެވުމުން މޭއެތެރެއަށް ގޮނިކޮއްލެވޭފަދަ ގޮތެއް ހަދާލެވުނެވެ. އެހިނދު ޒައުލް މަޑުމަޑުން ޔޫހާގެ މޫނު ގާތްކޮއްލުމާއިއެކު ނިތްކުރީގައި ބޮސްދިނެވެ. ދެލޯމަރާލަމުން ޒައުލްގެ އަތްތިލާގެ މަތީގައި ޔޫހާގެ ދެއަތްތިލަވެސް އޭނައަށް ޖައްސާލެވުނެވެ. އެފަދަ ލޯބިވެތި ހަރަކާތަކަށް ޒައުލްގެ ފަރާތުން އޭނަ ކަރުހިއްކައިގަނެފައިވެއެވެ. ޒައުލްގެ އެންމެ ބީހުލުމަކުންވެސް އޭނަގެ ހުރިހާ ހިއްސެއްމެ ޒައުލްއަށް ފިދާވެދެއެވެ. އަމިއްލަ ބާރުގެ ދަށަށް އެހިއްސުތައް ގެނައުމަކީ އުނދަގޫކަމަކަށް ވެގެންދެއެވެ. އޭރެެކޭ މިހާރެކޭ ޒައުލްގެ ލޯބިވެތި އަދާތަކަށް ބަދަލެއްނާދެއެވެ. ލޯތްބާއިއެކު އަތްލައިފިނަމަ އެއަތުގެތެރެއަށް ވިރިގެންދާން ނޭދޭނެހިތެއް ނުވާނެކަން ގައިމެވެ.

“އަހަންނާ ދުރަށް ދެން ނުދައްޗޭ” ޒައުލް ޔޫހާގެ އަތްތިލާގައި ހިފާ މަޑުމަޑުން އެއަތްތިލައަށް ފިތާލަމުން ބުނެލިއެވެ.

“އަހަރެން ކޮންއިރަކުތަ ޒައުލް އާއި ދުރަށް ދިޔައީ، ޒައުލް އަމިއްލައަށް އަހަރެން ބޭނުންނުވެގެން ދޫކޮއްލީ، އަހަރެންގެ ހިތް އެމީހަކަށް އެންމެ ފުރަތަމަ ފަހަރަށް ދެވުނީއްސުރެން އަދި އަދަށްވެސް އެހިތްވަނީ އެމީހާއަށް މިލްކުވެފަ، ބަދަލެއްނުވޭ، އަހަރެން ބަދަލުކުރަން މަސައްކަތެއްވެސް ނުކުރަން….ދެން ކީއްވެ ޒައުލް ހިތަށް އަރަންވީ އަހަރެން އެހެންމީހަކު ހިޔާރުކޮއްފާނެއޭ، ޒައުލްއަށް ކައިވެންޏަކީ އެހާ ފަސޭހަ ކަމަކަށްވިޔަސް އަހަރެންފަދަ އަންހެނަކަށް އެއީ އެހާ ފަސޭހައިން ކުރެވިދާނެ ކަމެއްނޫން….އަހަރެން އަޔާދެކެ ކުޑަކޮށްވެސް ލޯތްބެއްނުވޭ، އަދި އަޔާވެސް އަހަރެންދެކެ ލޯބިވާ ވާހަކައެއް ނުދައްކާ، އަހަރެން ޒައުލްއަށް ބުނެދެން ބޭނުންވެގެން މިއުޅެނީ އެވާހަކަ، އަހަރުމެން ދެމީހުންނަކީ ދެރަޙުމަތްތެރިން ކަމޭ، ކީއްވެތަ ޒައުލް ތިހާ އަވަހަށް ރުޅިއަންނަނީ…ރުޅިއަކީ އެއްވެސް ފައިދާއެއް މީހާއަށް ކޮއްދޭނެ އެއްޗެއް ނޫން، ޒައުލްގެ އަތުންފައިން ގޯހެއް ހެދުން ނޫން ކަމެއްނުވާނެ، މުޅި އުމުރަށް މާފުނުކުރެވޭވަރުގެ ކަމެއް ތިރުޅީގެ ސަބަބުން ވެދާނެކަމާމެދު ވިސްނާލަބަލަ…” ޔޫހާ ވާހަކަދެއްކިއެވެ.

“ދެން ނުވާނެއޭ، ދެން ރުޅިއެއް ނާންނާނަން….މާފަށްވެސް އެދެފިން…ސޯ ޕްލީސް….ދެން މާފުކުރޭ، އެހެނެއް ދެން ނުވާނެއޭ” ޒައުލް ދެންވެސް ޔޫހާގެ ނިތްކުރީގައި ބޮސްދީފައި މިހެން ބުނެލިއެވެ. އަދި އޭނަގެ ރީތި ފިރިހެންވަންތަ ހިނިތުންވުން ދައްކާލިއެވެ. ޔޫހާއަށްވެސް ހިނިތުންވެލަން މަޖުބޫރުކުރުވިކަހަލައެވެ. ހިނިއައިސްފައި ޔޫހާ އިސްޖަހާލީ އެހިނިތުންވުން ޒައުލްއަށް ފޮރުވާލުމަށެވެ. ޒައުލް ޔޫހާގެ އަތްތިލާގައި ހިފާލައިގެން ގޮނޑިން ތެދުވުމުން ޔޫހާއަށްވެސް ޖެހުނީ ތެދުވާށެވެ. އޭނަ މަޑުމަޑުން ޔޫހާ ގެނެސް އެއަތުގެ ތެރެއަށްލަމުން އުނަގަނޑުގެ ވަށައިގެން ދެއަތްޖޯޑުކޮއްލިއެވެ.

“ކީއްވެތަ އަހަންނަށް ޖަވާބެއްދޭން ފަސްޖެހެނީ، ޔޫހާ އަހަރެންދެކެ ލޯބިވޭ އަހަރެން ޔޫހާދެކެ ލޯބިވަން، ކިޔާންއަށް އެއްވެސް ކަމެއް އުނިވިޔަ ނުދޭނަން، އަހަރެން އެދަރިފުޅު ދުނިޔެއަށް ނެރޭނީ އަހަރެންގެ ދަރިއެއްގެ ގޮތުގަ، ދެން ޔޫހާ ވިސްނަންޖެހޭވަރުގެ ކަމެއް އޮންނާނެއެކޭ އަހަރެންގެ ހިތެއް ނުބުނެ….” ޒައުލް މިހެން ބުނެލިއިރުވެސް ޔޫހާ ހުރީ އިސްޖަހާލައިގެންނެވެ. އިސްކޮޅުގެ ބޮޑު ތަފާތެއް ދެމީހުންގެ މެދުގައި ހުރުމުގެ ސަބަބުން ޔޫހާގެ ހޫނު ނޭވާ ޒައުލްގެ މެޔަށް އިޙްސާސްކުރެވެމުންދިޔައެވެ. ޔޫހާ ވިސްނާލީ ޒައުލް ކައިރީ ހުރިހާ ވާހަކައެއް ބުނަންވީއޭ ހިތަށް އަރާފައެވެ. އެއްޗެއް ނުބުނެ ޔޫހާ ހުންނަން ފެށުމުން ޒައުލް ކުރިއަށްވުރެވެސް ޔޫހާ ގާތްކޮއްލާފައި ގޮވާލިއެވެ.

“އެއްޗެއް ބުނެބަލަ….ހިމޭންކަން އަހަރެންގެ ހިތްނުތަނަވަސްކުރުވާ” މިހެންބުނެ ޒައުލް އެއްއަތުން ޔޫހާގެ ދަތްދޮޅީގައި ހިފާ އޭނަ އާއި ދިމާލަށް އެމޫނު އުފުލާލިއެވެ.

“އެރޭ ޕާކްވިއުއިން ޒައުލް ފެނުމުން އަހަންނަށް ގަބޫލުވެސް ނުކުރެވުނު، އެކަމަކު ފަހުން ވާހަކަދެއްކިގޮތުން އަހަރެން ވަރަށް ދެރަވި، ވަރަށް ރުޅިއައިސް ފޫހިވެސްވި، އެނގުނު ޒައުލް ބަދަލުވެއްޖެކަން، ޒައުލް ރުޅިއަންނަ ކޮންމެ ފަހަރަކު ތިއުޅެނީ މޮޔަވެގެން އުޅޭ މީހެއްހެން، އަހަރެން އެއްފަހަރުވެސް ޒައުލްގެ އެސިފަ ކިޔާންއަށް ފެންނާކަށް ނޭދެން، އައި ލައިކް ދަ ޒައުލް ބިފޯ…” ޔޫހާ ޒައުލްއަށް ބަލަން ހުރެ ބުނެލިއެވެ.

“ހެ ހެ ހެ…ޔޫ ޖަސްޓް ސޭ ޔެސް ބޭބް، އެންމެ ވޯޑްއެއް، އޭރުން ހުރިހާ ކަމެއް ޗޭންޖުވާނެ، ސޭ ދަ މެޖިކް ވޯޑް، އެކަމަކު ބުނަން، ކުރީގެ ޒައުލްއެއް އަނބުރާ ޔޫހާއަކަށް ނުދެވޭނެ، އެފަދަ ދޮގުވެރިއަކަށްވާކަށް އަހަރެން ބޭނުމެއްނޫން، އާފެށުމަކުން ފަށަން ބޭނުންވަނީ، މިފަހަރު އެއްވެސް ކަމެއް އޮޅުވާލާކަށް ބޭނުމެއްނޫން، ބޭނުންވަނީ ކިޔާން އާއި ޔޫހާގެ ދިރިއުޅުމުގެ ބައެއްކަމުގައި އަހަރެންވުން، ބޭބީ ވިލް ޔޫ މެރީ މީ ޕްލީޒް…” ޒައުލް ކުއްލިއަކަށް ޔޫހާގެ ކުރިމަތީ ކުޑަކަކޫ ޖަހާލަމުން އަހާލިއެވެ. ޒައުލްގެ މޫނަށް ބަލަހައްޓައިގެން ހުރި ޔޫހާގެ ތުންފަތަށް ހިނިތުންވުމެއްވެރިވެގެންދިޔައެވެ. އަދި ދެފަރާތަށް ބޯހޫރުވާލީ ޒައުލް ދެވަނަ ފަހަރަށްވެސް އޭނަ އާއި ކައިވެނި ކުރުމަށް އެދުނީތީއެވެ. އަދި ޒައުލްގެ ގޮތްދޫނުކުރުން ޔޫހާއަށް އެނގޭތީވެސް މެއެވެ.

“ހޫމް…” ޔޫހާ މަޑުމަޑުން ބޯޖަހާލަމުން ހިނިއައިސްފައި ހުރެ ހޫން ލައްވާލިއެވެ.

“ވަޓް، އަހަންނަށް އަޑެއްނީވޭ” ގުޑާވެސް ނުލާ ހުރި ޒައުލް އެއްއަތް ޔޫހާއަށް ދިއްކޮއްލަމުން މިހެން ބުނެލިއެވެ.

“ޔެސް، ޔެސް…ދެން ކިތަށްފަހަރުތަ ބުނަންވީ” މިހެންބުނަމުން ޔޫހާ ޒައުލްގެ އަތްތިލާގެ ތެރޭ އޭނަގެ އަތްތިލަ ހެޔޮވަރުކޮއްލިއެވެ. އެހިނދު ޒައުލް ތެދުވިގޮތަށް ތެދުވެ ޔޫހާގެ އުނަގަނޑުގައި ހިފާ އުފުލާލަމުން ބައްދާލުމާއިއެކު ޔޫހާ އަނބުރާލީ ލިބުނު ބޮޑު އުފަލުންނެވެ. ޔޫހާ ޒައުލްގެ ކަނދުރާގައި ދެއަތުން ހިފަހައްޓާލަމުން މައްޗަށް އިސްއުފުލާލީ ހިތަށް ހަމަޖެހުމެއް ލިބުނުކަމުގެ އިޙްސާސް ކުރެވުމުންނެވެ. އެއާއިއެކު ދެލޯ މަރާލެވުމާއިއެކު ތުންފަތަށް ވެރިވި ހިނިތުންވުން ނުފިލާ ހުއްޓެވެ. ޒައުލް ޔޫހާ ތިރިކޮއްލުމުންވެސް އޭނަ ހުރީ ދެލޯމަރާލައިގެންނެވެ. އެރީތި ތުންފަތުގައި ބޮސްދޭން ޒައުލް ހިތަށްއެރިއެވެ. ނަމަވެސް އޭނަ އެފަދަކަމެއް ނުކުރިއެވެ. ޔޫހާ ހިތްހަމަ ނުޖެހިދާނެތީއެވެ. އޭގަ ބަދަލުގައި މަރާލެވިފައިވާ ދިގުއެސްފިޔަތަކެއް ލިބިފައިވާ ރީތި ދެލޮލުގައި އޭނަ ބޮސްދެމުން ލޯބިވެޔޭ ބުނެލިއެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *