NUFILAANEY THIHADHAAN [Part 3]


“އަދި ދުވަހަކުވެސް މިގެއިން އެއްވެސް އެއްޗެއް ނުގެއްލޭ، އީއްކޮގެ އެފަށްވެސް އަދި ފެންނާނެ…ދެރަނުވޭ” ލޫލުއާ ގޮސް އިލާކްގެ ކައިރީ އެނދުގައި އިށިންނަމުން ބުނެލިއެވެ.

“ފެނަންޔާ މިހާރުފެންނަންވީނު، އަޅުގަނޑު އަތުގަ އޮތް ހަމައެކަނި މަންމަގެ ހަނދާނަކީ އެއީ” އީލާކްގެ އަޑުން އޭނައަށް ރޮވެން އުޅޭކަމުގެ އަސަރު ލޫލުއާއަށް އެނގުނެވެ.

“އާނާ…ކޮބާތަ މާމަ؟” ލޫލުއާ ލާއިގާ ހޯދަންބޭނުންވިއެވެ.

“މެޑަމް މަތީ ޓެރެސްއަށް ދުރުވީ، ގޮވާލަންވީތޯ” އާނާވެސް ކަންބޮޑުވާގޮތްވެއްޖެއެވެ.

“ނޫން، އާނާ މަޑުކުރޭ އަހަރެން އެބައަންނަން މާމަގާތު މިވާހަކަ ބުނެފަ” މިހެން ބުނެފައި ތެދުވި ލޫލުއާގެ އަތުގައި އީލާކް ހިފިއެވެ.

“ނޫން ދޮންތާ، އޭރުން މާމަ ބުނާނީ އަޅުގަނޑު ފަރުވާކުޑައީ އޭ” ލޫލުއާއަށް ބަލާލި އީލާކްގެ ލޮލުގައި ކަރުނަފާއްދާލިއެވެ.

“މާމަ އަންޑަސްޓޭންޑުވާނެ…އެހެންވިޔަސް ގެއްލިއްޖެޔާ ތީ މައްސަލައެއްނު، މިއޮއްހުރިހާ ދުވަހު މިގެއިން އެއްޗެއް ނުގެއްލިހުރެފަ މިހާރު ގެއްލުން އެއީ މައްސަލައެއްނު، ކޮންމެ ގޮތެއްވިޔަސް މާމަ ގާތު ބުނަންޖެހޭނެ” ލޫލުއާ ވިސްނާދެމުން ބުނެލިއެވެ. އަދި އޭނަ އެކޮޓަރިން ނުކުމެގެން ޓެރެސްއަށް ދިޔައެވެ.

“މާމާ…މާމާ…ކޮއްކޮ އީލާކް” ސިޑިން ދުވަމުން އެރި ލޫލުއާ ޓެރެސްއަށް އާދެވުނު އިރު ހުރީ މާނޭވާލެވިފައެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ލާއިގާ އާއި ޒައުލްއަށް އެނގުނެވެ. ފުއްމައިގެން ތެދުވި ޒައުލް އަވަސް އަވަހަށް މާމަ ލާއިގާ ތެދުވުމަށް އެހީތެރިވިއެވެ.

“ވަރެއްގެ ދަރިއެއް އެއީ، މިހާރު ކީއްކުރީ” ޒައުލްގެ އެހީގައި ތެދުވަމުން ލާއިގާ ލޫލުއާ އަށް ބުނެލިއެވެ.

“ބަޑިފަޅައިގެންދާން އެއުޅެނީ…” ލޫލުއާ އުކުޅުވަޅާދިމާލުގައި ދެފަރާތުން އަތްއަޅުވާލާފައި ފުންނޭވާތަކެއް ލަމުން ބުނެލިއެވެ.

“ރޮނީތަ، ކިހިނެއްވީ އޯ، ބޭނުންވާ ގޮތަށް ކަމެއްނުވީ ދޯ” ޒައުލް އަހާލިއެވެ.

“ނޫން، މާމާ، އެކައްލަ ކޮކާ ފަށުފޫލާފައި އިން ފަށްގެއްލިގެން އުޅެނީ، އަޅުގަނޑަށް ހީވަނީ ކޮއްކޮއަށް ލެވުނު ތަނެއް ނޭގިގެންހެން އެއުޅެނީ، އެކަމަކު ބާރު ލާފަ އެބަ ބުނޭ އެފަށް މިއަދުވެސް ދެކުނުވާހަކަ…މާމަ ގާތުވެސް ނުބުނަން ހުރީ، އޭރުން މާމަ ކޮއްކޮ އާއި ދިމާލަށް ފަރުވާކުޑަކަމުންނޭ ބުނެދާނެތީއޯ، ދެންމެ ދެންމެ ރޯންފަށާފާނެހެން ހީވަނީ” ލޫލުއާ ކުޑަގޮތަކަށް ވެގެން އުޅޭގޮތް ލާއިގާ އަށާއި ޒައުލްއަށް އޮޅުންފިލުވާދިނެވެ.

އީލާކްގެ ކޮޓަރިއަށް ވަދެގެން އައި ލާއިގާގެ ފަހަތުގައި ޒައުލް އާއި ލޫލުއާވެސް ހުއްޓެވެ. ލާއިގާ ފެނުމާއިއެކު އީލާކްއަށް ނުހިފެއްޓުނެވެ. އޭނަ ރޯންފެށީއެވެ.

“މާމާ އަޅުގަނޑު މިބުނީ ހަމަތެދެކޭ، އަޅުގަނޑު ފަރުވާކުޑައެއްނުކުރަމޭ، މިތާ އަޅުވާފަ އަބަދުވެސް އިންނާނީ” އެނދުންތެދުވެހުރެ އީލާކް ލާއިގާއަށް ރީތިވާ މޭޒުމަތީ އެހެންފައްތަށް އަޅުވާފައިވާ އެތިދައްކާލިއެވެ.

“އާނާ، ކޮންއިރަކު ސާފުކުރީ؟ އޭރު އެފަށް އެތަނުގައި އިންތަ؟” ލާއިގާ އާނާ އާއި ސުވާލުކުރިއެވެ. ހީވީ ކުއްލިއަކަށް ތަހުގީގީ މަރުހަލާއެއް ފެށިގެން ދިޔަހެންނެވެ. އެހެނީ އެފަށް އެކުދިންގެ މަންމަ ޒަރާނާގެ ހަނދާންތަކާއި ގުޅިފައިވުމުންނެވެ.

“މެޑަމް އަޅުގަނޑު ނުނަގަން، އަޅުގަނޑު ސާފުކުރީމަ ކޮއްކޮ ފުރެންޑްސް ގޮވައިގެން ކޮޓަރިއަށް އައީ” ހާސްކަމާއިއެކު އާނާ ބުނެލިއެވެ. ހީވަނީ އޭނަހުރީ ބިރުންހެންނެވެ.

“ތެދެއް އީލާކް، އޭރުގަ ފަށް އިންކަން އެނގޭތަ؟” ލާއިގާ ދެން ސުވާލުކުރީ އީލާކް އާއިއެވެ.

“ލައްބަ މާމާ، އަޅުގަނޑު އެވަގުތު ދެކުނިން، އެގަޑީގަ އަޅުގަނޑު ބުނީވެސް ފެޝަން ޝޯގައި އަޅުގަނޑު އެފަށް ބޭނުންކުރާނެވާހަކަ…ފަށް ނެއްކަން އެނގުނީ ކައިގެން އަޅުގަނޑު ކޮޓަރިއަށް އައިފަހުން” ރޮވިފައި ހުރެ އީލާކް ވާހަކަދެއްކިއެވެ.

“ދެން ކީކޭ ބުނާނީ، އެންމެފަހުން އީލާކްގެ ކޮޓަރިން ނުކުތީ އީލާކް އާއި އީލާކްގެ ރަޙުމަތްތެރިން…” ލާއިގާ މިހެން ބުނެނުނިމެނިސް އީލާކް ވާހަކަދެއްކިއެވެ.

“މާމާ، ދެން ތިބުނުއްވަނީ އަޅުގަނޑެ ރަޙުމަތްތެރިން ކުރިކަމޭކޭތޯ…އެކަމަކު…މާމާ، ކިހިނެއް އެނގެނީ ފަހުން މިކޮޓަރިއަށް މީހަކު ނުވަންނަ ކަމެއްވެސް” އީލާކް އޭނަގެ ރަޙުމަތްތެރިންގެ ބޮލުގައި އެޅެން އުޅުނު އިލްޒާމުގެ ދިފާއުގައި ބުނެލިއެވެ.

އީލާކްގެ އަތުގައި ހަމައެކަނި އޮތް މަންމަގެ ހަނދާންވެސް ގެއްލުނީއެވެ. އެކަމާ ރޮއެރޮއެފައި ނިދީ ދެން ކުރެވޭނެ އެހެންކަމެއް ނެތީމައެވެ. ލާއިގާގެ އިތުރުން އެހެން އެންމެންގެ މޫނުމަތިންވެސް އީލާކްއަށްޓަކައި ހަމްދަރުދީ ފާޅުވިއެވެ. އެހެންނަމަވެސް އެކަކަށްވެސް އެފަށްނެގީ ކާކުކަމެއް ބުނާކަށް ނޭގެއެވެ.

ނިދަން ކޮޓަރިއަށް ވަތް ޒައުލްގެ ސިކުނޑީގައިވަނީ ލާއިގާ އޭނަގެ ގާތުގައި ދެއްކި ވާހަކަތަކެވެ. އިރުކޮޅަކު ކުޑަދޮރުގެ ކައިރީ މަޑުކޮއްލައިގެން ހުރުމަށްފަހު އެނދުގެ އެއްފަރާތުގައި ހުރި ކުޑަމޭޒުމަތީ ޒައުލް ބޭއްވި ފޯނުނެގިއެވެ. އަދި ޖަމާލްގެ ނަންބަރަށް ގުޅާލިއެވެ. ވަރަށް ގިނަ ވާހަކަތައް ދެއްކުމަށްފަހު ޒައުލް ފޯނު ކަނޑާލިއެވެ. ނަމަވެސް ތުންފަތުގައި ފޯނުޖައްސާލައިގެން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ޒައުލްއަށް ހުރެވުނެވެ.

ޖެހިގެންއައިދުވެހެވެ. އީލާކްގެ މޫޑުވަނީ ގޯސްވެފައެވެ. ރަޙުމަތްތެރިން އައުމުން އިއްޔެގެ ކަންތަކާ ސުވާލު ކުރަން ހިތައްއެރިނަމަވެސް އެފަދަ ވާހަކައެއް ދެއްކުމީ އޭނަގެ ރަޙުމަތްތެރިންގެ ބޮލުގައި އިލްޒާމެއް އެޅުވުން ކަހަލަ ކަމަކަށްވެފައި އެއަށްވުރެ އޭނަގެ ރަޙުމަތްތެރިންނަށް އިތުބާރު ކުރާތީ އެކަން ހިތުގައި ފޮރުވާލިއެވެ. ގެއަށް ރަޙުމަތްތެރިން އައިއިރު ޝުދުފާއަކަށް އާދެވޭ ގޮތެއްނުވިއެވެ. އެހެންނަމަވެސް ރޮޒޭން އާއި ނަހުލާ އައެވެ.

“އީކް، އަހަންނަށް އެނގޭ އެންމެފަހުވަގުތުކަންވެސް މީ، ބަޓް އައި ނީޑްއަ ފޭވާރ…” އީލާކްއަށް އެހީތެރިވުމުގައި އުޅުނު ނަހުލާ ބުނެލިއެވެ.

“ކޮންކަހަލަ ފޭވާރއެއް؟” އީލާކް އަނގަޔަށް ލައިގެން ހުރި ފިންނަގަމުން އަހާލިއެވެ.

“އަހަރެން މިވިސްނަނީ އީކްގެ ހެދުންތައް ދައްކާލާއިރު އަހަރެންގެ ހެދުންތައްވެސް ބައިވެރި ކުރަންކަމަށް…އެކަމަކު އެއީ އީކްގެ މައްސަލައެއް ނެތިއްޔާ، ދެމީހުންގެ ޑިޒައިންތައް އެއްޝޯއިން ފެނިގެންދާނެއެއްނު” ނަހުލާ އީލާކް ފިންޖަހަމުންގެންދިޔަ ފޮތިގަނޑު ހިފަހައްޓާދެމުން ބުނެލިއެވެ.

“އެކަމަކު…ނަހޫ އަދި ތައްޔާރެއްވެސް ނުވަމެއްނު، ދެން ކިހިނެއް…” އީލާކްގެ ވާހަކަ ނުނިމެނިސް ނަހުލާ ވާހަކަ ދައްކަންފެށުމުން އީލާކް ދައްކަ ދައްކާ ހުރި ވާހަކަ މެދުކަނޑާލިއެވެ.

“ނޫނޭ، އަހަރެން ތައްޔާރުވާން ފަށައިފިން ވަރަށް ކުރިން، އެކަމަކު ޝޯއެއްބާއްވާނެ ރަނގަޅު ވަގުތަކަށް އިންތިޒާރުކޮށްކޮށް ހުރީ، ދެން މިހާރު މިހިތަށް އަރަނީ އީކް އާއިއެކު ބައިވެރިވުން އެއީ އަހަންނަށް ލިބޭނެ އެންމެ ބޮޑު އުފަލޭ” ނަހުލާ ބުނިއެއްޗަކަށް އީލާކް ވިސްނާލިއެވެ.

“އަންނަ މަންތު ފޯޓީންގަ އަހަރެން ޝޯ ބާއްވަން ހަމަޖެއްސީ، އެހާތަނަށް ނަހޫގެ ޑިޒައިންތައް ނިމެންޏާ އަހަރެންގެ މައްސަލައެއްނެއް، އެތަށް ދުވަހަކަށްފަހު ނަހޫގެ ޑިޒައިންތައްވެސް އޭރުން ފެންނާނެތާ ދޯ…އިޓްސް ގޮއިންޓުބީއަށް ބިގް ކޮމްޕެޓިޝަން ދޯ، އަހަރުމެން ދެމީހުންގެ ޑިޒައިންތަކުން މީހުން ބޮޑަށް ބަލައިގަންނާނީ ކާކުގެ ޑިޒައިންތަކެއްކަން އޭރުން އެނގޭނެ” އީލާކް ކުރިއްސުރެ އެމަންޒަރުތައް ފެންނަމުންދާހެން ހިޔާލުތަކަށް ގެއްލިފައި ހުރެ ބުނެލިއެވެ.

“ތެންކިއު…ތެންކިއު…އަހަރެންވެސް އެހެންވީމަ މިއަދުންފެށިގެން ޝޯއަށް މިތައްޔާރުވަނީ” ނަހުލާ އުފާވެލާފައި ބުނެލިއެވެ.

“ހާދަ އުފަލުން…” އެކުގައި މަސައްކަތްކުރާ ކުއްޖަކަށް ހީލަމުން ލިފްޓުގެ ތެރެއަށްވަތް ޔޫހާއަށް ޒައުލް ބުނެލިއެވެ. އެއްފަރާތުގައި މަޑުކޮއްލައިގެން ހުރި ޒައުލް ޔޫހާއަށް ފެނުނީ އެވަގުތުއެވެ. ހަމަފެނުމާއިއެކު މޫނުމަތީގައިވި ހިނިތުންވުން ފިލާ ގޮސް ހިންދިރުވާލެވުނެވެ. އޭނައަށް ޒައުލް ފެނުމުންވާގޮތެއް ނޭގެއެވެ. ގަންނަނީ ބިރެއްކަމެއް ނޫނީ އޭނަގެ ކުރިމަތީ އަމިއްލަ ނިކަމެތިކަން އިހްސާސްކުރެވިގެންދަނީކަމެއްނޭގެއެވެ.

“ކިތަށް މީހުން ކައިރީ މިހާރު ކިޔައިފިން ކިޔާންއަކީ މަގޭ ދަރިއެކޭ” ޒައުލް ބުނެލިއެވެ. އޭގެ ޖަވާބު އޭނައަށް އެނގޭއިރުވެސް އެހީއެވެ. ކިތަންމެ ރީތިކޮށް ވާހަކަދައްކަން އުޅުނަސް އޭނަގެ އަނގައިން ބަސްތައް ނުކުންނައިރު ހުންނަނީ ހަރުކަށިވެފައެވެ.

“އަހަންނެއް ނުކިޔަން އެއްވެސް އެއްޗެއް އެއްވެސް މީހެއްކައިރީ” ޔޫހާ ތުންފިއްތާލަމުން ޒައުލްއަށް ނުބަލަންހުރެ ބުނެލިއެވެ. އެތަންފެނުނު ޒައުލްގެ ތުންފަތަށް ކުޑަނަމަވެސް ހިނިތުންވުމެއް ވެރިކުރުވިއެވެ.

“ޔޫހާ ކަސްރަތު ކުރަނީތަ ހަށިގަނޑު ތިހާ ރީތިކޮށް ތިހުންނަނީ” ކުއްލިއަކަށް ޒައުލް ކުރި ސުވާލުން ޔޫހާގެ އަނގަހުޅުވިގެންދިޔައެވެ. ހަމައެހާ އަވަހަށް ތުންއަނބުރާލަމުން ލޮލުގެ ހިމަކޮޅުން ޒައުލްއަށް ބަލާލަމުން މެޔާއިދިމާލުން ދެއަތްހުރަސްކޮށްލިއެވެ. ޒައުލް އޭނަގެ ހަށިގަނޑަށް ބަލަނީކަން އޭނައަށް ޔަގީންވިއެވެ. އެކަމާ އުނދަގޫވެގެން އިރުއިރުކޮޅާ ޔޫހާއަށް ލައިގެން ހުރި ޖެކެޓަށާއި ސްކާޓަށް ދަމާލެވެއެވެ. އަދި ލިފްޓުގެ ކަނަކަށް ވަދެ ކުރިއަށްވުރެ ކުޑަވެލަން މަސައްކަތްކުރިއެވެ.

“ކީއްވެތަ ތިބަލަނީ؟” ޔޫހާއަށް ކެތްނުވެގެން ބުނެލެވުނެވެ.

“އަހަރެންގެ ދެލޯ ވީއިރު އަހަރެން ބޭނުންކޮންމެ ތަނެއް ބެލިޔަސް އެކަމާ ޔޫހާއާއި ކޮންކަމެއް” ޒައުލް ލާނެއް ރާގަކަށް ބުނެލިއެވެ.

“އެހެންވިޔަސް ހެވޭ، އަހަންނާ ދިމާލަށް ކޮންމެހެން ތިހެން ބަލާނެކަމެއްނެއް” ޔޫހާ ދެލޯއަޅާލަމުން ބުނެލިއެވެ.

“އަހަރެން ނުބެލިއްޔާ ކޮންމެވެސް އެހެން ފިރިހެނަކު ހަމަ މިހެން ބަލާނެކަން ގައިމު” ޒައުލް ބުނެލިއެވެ.

“ކަލޭމެން ފިރިހެނުން ހީކުރަނީ….” ޔޫހާ އައިރުޅީގައި ބުނަންއުޅުނު ޖުމްލަ ފުރިހަމަކުރާކަށްވެސް ބޭނުމެއްނުވިއެވެ. އަވަސް އަވަހަށް ލިފްޓުގެ ފިއްތަކަށް އޮބަންފެށީ އެންމެ އަވަހަށް ޖެހޭ ފްލޯއަކަށް ނުކުތުމަށެވެ. ލިފްޓުގެ ފިތްބަރި ކައިރީ ހުއްޓިލައިގެން ހުރި ޒައުލް ދުރަށް އެންމެ ފިޔަވަޅެއްވެސް ޖެހިނުލިއެވެ. އޭގެ އިތުރުން އޭނަ ޔޫހާއާއި ގާތްވެލީއެވެ. އެހިނދު ކަރަންޓުގެ ޝޮކެއްޖެހި މީހާ ވިއްސައިގެން ދާފަދައިން ޔޫހާ ދުރަށް ޖެހުނެވެ.

ހުޅުވިގެން ދިޔަ ލިފްޓުގެ ދޮރާއެކީ ޔޫހާ ހަލުވިކަމާއިއެކު ނުކުތެވެ. ޒައުލް ހިނިއައިސްފައި ޔޫހާ ނުކުތްތަން ބަލަންހުރީއެވެ. ލިފްޓުގެ ދޮރުލެއްޕުނު އަޑުއިވުމުން އެނބުރި އެދިމާލަށް ޔޫހާ ބަލާލިއެވެ. އެހެންނަމަވެސް އޭނަ އަވަސްވެގަތީ ސިޑީގެ ހަރުފަތްތަކާއި ދިމާލަށެވެ. ކުދިކިޔަމުންނެވެ.

ތިންދުވަސްފަހެވެ. ކިޔާން ގޮވައިގެން ސްކޫލް ދޮށުން އައި ޝާއިންއަށް އެގޭ މަގުގައި އޮތް ކަޅު ޖަގުވާ ކާރު ފާހަގަވެއްޖެއެވެ. އެއީ ކިޔާންގެ ހާލު ބޮޑުވިރޭ ޔޫހާ އައި ކާރު ކަހަލަގެ ކާރެކެވެ. އެހެންނަމަވެސް އެއީ ކާކުގެ ކާރެއްކަން ޝާއިންއަކަށް ނޭގެއެވެ. އެސުވާލު ފަސްކޮއްލެވުނުގޮތަށް ފަސްލެވިފައިއޮތީއެވެ. ޔޫހާގެ އުޅުމަށް އެދުވަސްކޮޅު ބަދަލެއް އައިކަމުގައި ވިޔަސް މިހާރު އެއްވެސް ތަފާތު ކަމެއް ޝާއިންއަށް ފާހަގައެއް ނުކުރެވެއެވެ.

“އަފޫ، މިމަގުކޮޅުގަ ޕާކުކޮއްފައި އޮންނަ ބޮޑު ކާރު ދެކުނިންތަ؟ މިހާރު ދެތިން ދުވަސްވެއްޖެ މިމަގުގައި އޮންނަތާ…ކަންމަތީގޭ މީހުން ކާރެއްގަތީތަ؟” ޝާއިން ކިޔާން ގޮވައިގެން ގޭތެރެއަށް ވަންނަމުން ސޯފާގައި އިން އަފްލީންއަށް ބުނެލިއެވެ.

“ހޫން ޖަގުވާއެއް ދޯ…އަހަންނަށްވެސް ފާހަގަ ކުރެވުނޭ، ނޭގެ އެގޭ މީހުން ކާރެއް ގަތްކަމެއް، ގަނެވެސްދާނެ، އެގޭ މަރީނާމެންނަކީ ނުލާހިކު ލިބޭ ބައެއްނު، އަނެއްކާ އެހާ ފޮނިވެސް ވާނެ….ގަރާޖަށް ނުލާ އެތަނުގަ ބާއްވާފަ އެއޮއްނަނީ މިހެން ހިނގާ މީހުންނަށް ދައްކަންވެގެންކަންނޭގެ” އަފްލީން ކިޔާންގެ އަތުގައި ހިފާލަމުން ވާހަކަދެއްކިއެވެ. ޔޫހާ ވީ ޑިއުޓީގައި ކަމަށްވާތީ ކިޔާންގެ ކަންތައްތައް ކޮއްދިނުމަށް އަފްލީން އަވަސްވެގަތެވެ.

“ވެދާނެ ތިހެންވެސް، އެންމެ ރަނގަޅުވާނީ އެކަމާ އަޅާނުލިއްޔާ” ޝާއިން އޭނައަށް ވިސްނުނު އެންމެ ރަނގަޅުގޮތް ބުނެލިއެވެ. ކުރިން ހީކުރެވުނު ކަންތައްތަކާއި ހިޔާލު ދުރަށް ގެންދިޔައީ އަފްލީން ދެއްކި ވާހަކައިންނެވެ. ޔޫހާ އާއިއެއްވެސް ސުވާލެއް ކުރުމުގެ ބޭނުމެއް ނެތުނީ އެހެންވެއެވެ.

ޒައުލް އޭނަގެ ކޮޓަރިއަށް ވަދެ ތާޒާވެލުމަށް އުޅުނެއެވެ. އޭރު އޭނަހުރީ މެންދުރު ނުވެސް ކައިކަމަށްވާތީ ކޮޓަރީގައި ހުރި ފޯނުން މެންދުރުގެ ކެއުން އެކޮޓަރިއަށް ގެނެސްދިނުމަށް އެދުނެވެ. ފެންވަރާ ތާޒާވެލައިގެން ޒައުލް ނުކުތްއިރު ކާންހުރީ ގެނެސްފައެވެ. ނަމަވެސް ކާއެއްޗެއްގައި އަތްލުމުގެ ކުރިން އޭނަ ޖަމާލްއަށް ގުޅިއެވެ.

“ހެލޯ…” ލޫލުއާ ފޯނުނަގާ ކަންފަތުގައި ޖައްސާލަމުން ބުނެލިއެވެ.

“ހާލުކިހިނެއްތަ؟ އަނެއްކާ އުނދަގޫވާކަހަލަ ގަޑިއެއްގަތަ މިގުޅުނީ” ހާޒިމްގެ އަޑު ފޯނުން ލޫލުއާ އާއި ހަމައަށް ފޯރިއެވެ.

“ހާލުވެސް ވަރަށް ރަނގަޅު ބިޒީއެއްވެސްނޫން، މިކުޑަކޮށް އީއްކޮައަށް ހެލްޕްވެލަނީ، މިއަދު ނާންނަތަ މިކޮޅަށް” ލޫލުއާ ސިއްރު ސިއްރުން ވާހަކަދެއްކިއެވެ.

“އާން، މިއަދު ނެތޭ ތިކޮޅަށް ދާކަހަލަ ކަމެއް، މިގުޅީ ކަމަކަށް އެދެންވެގެން، ކޮއްދޭނަންތަ؟” ހާޒިމް އަހާލިއެވެ.

“ކޮންކަމެއް؟ އަހަންނަށް ކޮއްދެވޭވަރުގެ ކަމެއްނަމަ ކޮއްދޭނަން” ލޫލުއާ މަޑުމަޑުން ދުރަށް ދަމުންގޮސް އީލާކްގެ މަސައްކަތްތައް ކުރިއަށް ދިޔަ ކޮޓަރިން ނުކުމެއްޖެއެވެ.

“އަހަންނާއިއެކު މިރޭގެ ޑިނާގައި ބައިވެރިވެދާނަންތޯ” ހާޒިމް އަހާލިއެވެ.

“ހެ ހެ ހެ…ހޫމް، އުފަލާއިއެކު ތިދަޢުވަތު ގަބޫލުކޮއްފިން” ލުއި ހިނިތުންވުމަކާއިއެކު ލޫލުއާ ބުނެލިއެވެ.

ރޭގަނޑު ބާރަޖެހިފަހުން ޑިއުޓީ ނިންމާފައި ޔޫހާ ގެއަށް ދިއުމަށް ހޮޓަލުން ނުކުތެވެ. މީހުން މަދުވެފައި މަގުތަކަށްވަނީ ކޮންމެވެސް ވަރަކަށް ފަޅުވެފައެވެ. ދޭތެރެއަކުން މަދުފަހަރަކު ބޫން އަޅުވާފައި ބާރު ދުވެލީގައި ދާ ސައިކަލެއް ފެނިދާނެއެވެ. އެހެންނޫނީ ވަރަށްވެސް އަމާނެވެ. ޝާއިން ބަލާއަންނަން ގުޅީމަވެސް އެކަމާ އެއްބަސްނުވީވެސް ޔޫހާ އަމިއްލައަށެވެ. އެހެނީ މިހާރުވެސް އޭނައަށް ޝާއިންގެ ފަރާތުން ލިބޭ ހެޔޮކަމާއި އޭނަގެ ދީލަތިއެހީތަށް މަދެއްނޫނެވެ. އަބަދު ޝާއިންގެ ސައިކަލު ފަހަތުގައި ޔޫހާ ދާންވެއްޖެނަމަ މީހުން ހީކޮއްފާނެ އެއްޗަކަށްވެސް ޔޫހާ ވިސްނައެވެ. ދާދިކައިރިން ކާރެއްގެ ބަރުގޮނުގެ އަޑަށް ދުވާރުމަތިން ހިނގަމުންދިޔަ ޔޫހާ ސިހިފައި އަތުގައި އޮތްދަބަސް މެޔާއި ކައިރިކޮއްލިއެވެ.

“ޒައުލް…” ޔޫހާ އޭނަ އާއިއެއްވަރަށް ދުއްވަމުން ދިޔަ ކާރަށް ބަލާލުމާއިއެކު ކާރުގެ ދޮރުފަތުގެ ބިއްލޫރިގަނޑު ތިރިކޮއްލިއިރު އޭގައި ދުއްވަން އިނީ ޒައުލްއެވެ.

“އަހަރެން ގެއަށް ގެންގޮސްދީފާނަމޭ” ޒައުލް މަގުމައްޗަށާއި ޔޫހާއަށް ބަލަމުން ކާރުދުއްވަމުން ބުނެލިއެވެ. ޔޫހާ އެކާރަށް ބަލާލިއެވެ. އެކާރު މީގެ ކުރިން ފެނިފައެއްނުވެއެވެ. ގަދަރަތްކުލައަކާއި ކަޅުކުލައިގެ ކުޑަކާރެކެވެ. ކާރުދުއްވަން ޑްރައިވަރަކު ނެތެވެ. ހަނދާނަށް އައީ ޒައުލް އާއި އޭނަ އާއި ފުރަތަމަ ދިމާވި ދުވަސްތައްމަތިންނެވެ.

“ޔޫހާ…އަހަރެން ގެއަށް ގެންގޮސްދީފާނަމޭ، މިގަޑީގަ އެކަނި ދާނެކަމެއްނެއް” ޒައުލް ދެވަނަފަހަރަށް ބުނެލިއެވެ.

“ކިހާދެރަކަމެއް ޒައުލް، މީމަގުމައްޗޭ…އަހަރެން އެއްޗެއް ނުބުނީ ތިކާރަށް އަރަން ބޭނުންނޫންވީމަ، ދެން ތިދާތަނަކަށް ދާންވީނު” ޔޫހާ ދަތްކުނޑިވިކާލަމުން ބުނެލިއެވެ.

“އަހަންނަށްވެސް އެނގެއޭ މަގުމަތިކަން، އަހަރެން މަގުމަތީގެ ހުރުމަތްކެނޑޭވަރުގެ ކަމެއްނުކުރަން…އަހަރެން ދާކަށް ވަކިތަނެއްނެއް، ޔޫހާ އާއި ވާހަކައެއް ދައްކާލަންކަމަށް، ޔޫހާ ކާރަށް އެރީމަކަންނޭގެ މިކަންވެސް އަވަސްވާނީ، އަހަންނެއް ނޫޅެމޭ ކޮންމެހެން ޔޫހާއަށް ލިފްޓެއް ދޭހިތަކުން…” ޒައުލް އޭނަގެ އަޑުބަދަލުކޮއްލިއެވެ. ހަގީގަތުގައި އޭނަ ޔޫހާ އާއި ދައްކާނެ އެއްވެސް ވާހަކައެއް ނެތެވެ. އެހެންނަމަވެސް ޔޫހާ އެކަނި ގެއަށް ދާތަންބަލަން އޭނަ ބޭނުންނުވަނީއެވެ. ހޮޓެލްގައި ޔޫހާ ނުކުމެގެން ދިޔަތަން ބަލަންހުރެފައި ޒައުލް ކާރުގައި ނައްޓާލީ ޔޫހާ ބަލާއެކަކުވެސް ނައުމުންނެވެ. އޭނަ ބޭނުންވާ ގޮތަށް ޔޫހާ ކަންތައް ނުކުރާނެކަންވެސް ޒައުލްއަށް އެނގިހުރެއެވެ.

“އިތުރަށް އަހަރެން ކައިރީ ޒައުލް ބުނާނެ އެއްޗެއް ނޯންނާނެ….” ޔޫހާ ހުއްޓެމުން ކާރުގައި އިން ޒައުލްއާއި ދިމާލަށް އެނބުރި ބުނެލިއެވެ.

“އަހަރެން މިބުނީނު ވާހަކައެއް ދައްކަންވެގެންނޭ، ކާރަށް އަރާބަލަ، އަހަރެން ނޫޅެން ޔޫހާއަށް ގޮތެއް ހަދާކަށް” ޒައުލްވެސް ކާރު މަޑުކޮއްލަމުން ދޮރުފަތުގައި އަތްއަޅުވާލާފައި ބުނެލިއެވެ.

“އަހަރެން މިހިރީ މަޑުކޮއްގެން،ޒައުލް ތިބުނަންއުޅޭ އެއްޗެއް ބުނެބަލަ” ޔޫހާ ބުނެލިއެވެ.

“އަހަރެންގެ މައްސަލައެއްނެއް، މިގޮތޮަށް ކާރުގައި އިނދެފާނަން ކިތަންމެ އިރެއްވަންދެންވެސް، އެކަމަކު ޔޫހާއަށް ހުރެވޭނެތަ އަހަރެން ދައްކާ ވާހަކަ ނިމެންދެން އަޑުއަހަން، ގެއަށް ދާކަށް ލަހެއްނުވޭތަ؟ ގޭމީހުން ޔޫހާ ނައިސްގެން ލަސްވެގެން ނޫޅޭނެތަ؟” ޒައުލް ޔޫހާއަށް ބަލަންއިނދެ ބުނެލިއެވެ. ޔޫހާއަށް ވިސްނާލަން ޖެހުނީ ދެނެވެ. ޝާއިން ކުރިންވެސް އޭނަ ލަސްވުމުން ވަރަށް ގިނަ ސުވާލުތައް ކުރިއެވެ. އޭނަ ބަލާ އައުމަށް ޝާއިންއަށް މަނާކުރުމަށްފަހު ލަހުން ގެއަށް ދިއުމުން ކުރާ ސުވާލުތައް މާގިނަވާނެއެވެ. ޒައުލް އޭނައަށް ޖެއްސުން ކުރުމުގެ ގޮތުންވެސް ގެއަށް ދިޔަނުދީ ހިފަހައްޓަފާނެއެވެ. ހުރިހާ ކަމަކާ ކުރިމަތިލާން ޖެހޭނީ އޭނައަށެވެ.

“އަދިވެސް ވިސްނަނީތަ؟ އަހަންނާއިއެކު ކާރުގަ ދިއުމުން ޔޫހާއަށް އަވަހަށް ގެއަށްވެސް ދެވުނީ އަދި އަހަރެން ދައްކަންމިއުޅޭ ވާހަކަވެސް ދެއްކުނީނު” ޒައުލް ފުއްޓަތްކެއް ޖަހާލަމުން ޔޫހާއަށް ބުނެލިއެވެ. ޔޫހާ ޒައުލްއަށް ބަލާލުމެއްނެތި ގޮސް ކާރަށް އެރިއެވެ. މިތަން ބަލަންއިން ޒައުލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. އެހެންނަމަވެސް އެކަން އޭނަ ފޮރުވަން މަސައްކަތް ކުރަމުން ކާރު ދުއްވާލައިފިއެވެ. ވަކި ހިސާބަކަށް ދުއްވާލުމާއިއެކު ޓްރެފިކް ލައިޓުން ރަތްސިގްނަލް ދިނުމުން ކާރު މަޑުކޮއްލިއެވެ. ޔޫހާ ކާރަށް އަރާ މޫނު ޒައުލްއާއި ދުރަށް އަނބުރާލިގޮތަށް އިނީއެވެ. ދެމީހުންކުރެ އެކަކުވެސް އެއްޗެއްބުނާކަށް ނޫޅެއެވެ. ދޭތެރެއަކުން ޒައުލްއަށް ޔޫހާއަށް ބަލާލެވެއެވެ. ފެހިސިގުނަލާއިއެކު އަނެއްކާވެސް ކާރު ހެޔޮވަރު ދުވެއްޔެއްގައި ދުއްވަމުންދިޔައެވެ. ކުރިމަތީ އޮތްމަގަށް ޒައުލްގެ ނަޒަރު ހުއްޓިފައިވިއެއްކަމަކު އޭނަގެ ލޯކުރިމަތިން ސިފަވަމުން ދިޔައީ އޭނަ ނޫން އެހެންމީހަކަށް ނުފެންނާނޭ ފަދަ މަންޒަރު ތަކެކެވެ. އެހެނީ އެއީ ހިޔާލީ މަންޒަރުތަކަކަށް ވީކަމެވެ. މިހާތަނަށް އެއީ ކުރެވުނު ކުށެއްކަމުގައި ދެކެމުން އައި ޒައުލްގެ ހިޔާލު ބަދަލުވީ ކީއްވެކަމެއް ނޭގެއެވެ. އޭނަގެ ލޯ ކުރިމަތީ ސިފަވަމުންދިޔައީ އެރޭގެ އެކިމަންޒަރުތަކެވެ. މޫދަށް ވެއްޓެމުން އައި ޔޫހާއެވެ. ވަގުތުން ގެނެސް އޭނަގެ އަތުގެތެރެއަށް ޔޫހާ ލީމަންޒަރެވެ. ގުދަށްއޮވެ އޭނަގެ ބުޅި އިސްތަށިގަނޑުން ފެންތަށް ފޮޅަމުން ދިޔަ  ހިތްގައިމު ގޮތެވެ. ޒައުލްއަށް އޭނަގެ ދަތްދޮޅީގައި ހާކާލެވުނު އަތުގައި ދަތްއަޅާލެވުނެވެ. އޭނައަށް ޔޫހާގެ މަތިން ހަނދާންނައްތާ ލެވޭނީ ކިހިނެއްހެއްޔެވެ. އެރެއަށްފަހު އޭނަގެ ދިރިއުޅުމަށް އައި ކޮންމެ އަންހެން ކުއްޖަކާ ޔޫހާ އާއި އަޅާކިޔުނެވެ. ޔޫހާ އާއި އެއްދަރަޖައެއްގައި ގުނާލެވޭ އެންމެ އަންހެން ކުއްޖެއްވެސް އޭނައަކަށް ދިމައެއްނުވިއެވެ. ނޫނީ އޭނަގެ ހިތާހަމައަށް އެއިން އެކަކަށްވެސް ވާސިލްނުވެވުނީއެވެ. އޭނަގެ ހިތާ ސިކުނޑި އޭނަގެ ޒަމީރު ކައިރީ ބުނެލިފަދައެވެ. އޭނަގެ ހިތްމިލްކުވެގެންވަނީ ހަމައެކަނި ޔޫހާއަށް ކަމެވެ.

“ޔޫހާ…” ޒައުލް ޔޫހާގެ ނަންކިޔާލިއެވެ. އެވަގުތު ޔޫހާވެސް ޒައުލްއަށް ބަލާލިއެވެ. ޔޫހާގެ މުޅި ހަށިގަނޑަށް ނޭގޭ ތުރުތުރެ އިޙްސާސް ކުރެވިގެން ދިޔައީ ޒައުލް ބަލަން އިންގޮތުންނެވެ. ޒައުލްގެ ކަނޑެއްފަދަ ފުންދެލޮލުގައިވަނީ ކޮންކަހަލަ ވިދުމެއްކަމެއްނޭގެއެވެ. ނޫނީ އެއީ ދައްކާލި ދަޅައެއްކަމެއްވެސް ނޭގެއެވެ. ނަމަވެސް އެވިދުމުގެ ތެރޭން ޔޫހާގެ ހިތުގައި ޒައުލްއަށް ޓަކައިވި ލޯބި ތެޅިގަތެވެ. ކޮއްޓެގައި ބަންދުކޮއްފައިވާ އެއްޗެއް މިނިވަންވާން މަސައްކަތްކުރާފަދަ ގޮތަކަށެވެ.

“އެރޭ…އަސްލު…އަހަރެން…” ޒައުލް އަޅައިގަންނަމުން ވާހަކަދެއްކިއެވެ. ޒައުލްގެ އަތް މަޑުމަޑުން ގޮސް ޔޫހާގެ ކޯތާފަތުގައި ބީހިލިއެވެ. ބުނަންބޭނުން ކިތަންމެ ވާހަކައެއް ހުއްޓެއްކަމަކު ދުލުން ހާމަ ކުރުން ޒައުލްފަދަ ފިރިހެނަކަށް ފަސޭހަކަމަކަށް ނުވިއެވެ. އޭނަގެ ކޮންމެ ދުވަހެއްގެ ތަސައްވުރުގައި ޔޫހާގެ ސޫރަވެއެވެ. އަދިވެސް އެދެލޯ ހޯދާ ސޫރައަކީ އެއީއެވެ. ނުރުހުންވެފައިވިޔަސް އިވުމަށް އެދޭ އަޑަކީ އެއީއެވެ. ޔޫހާގެ ހިތަށް ނޭގޭ ބިރުވެރިކަމެއް ވެރިވެގެންދިޔަ ހިނދު އޭނަގެ ކޯތާފަތުގައި ފިރުމަމުން ދިޔަ ޒައުލްގެ އަތްފޮޅުވާލިއެވެ. އަދި މޫނުމަތިން ރުޅިވެރިކަން ދައްކާލަމުން ކުރިން އިންގޮތަށް ޒައުލް އާއި ދުރަށް މޫނު އަނބުރާލިއެވެ.

“އަނެއްކާވެސް އަހަންނަކީ ބަލިކަށި އަންހެނެކޭ ބުނަންތަ ތިހެންތިއުޅެނީ، އެއީތަ މިކާރަށް އެރުވި ސަބަބަކީ، އެއްޗެއް ނުބުނެވި ގިނަދުވަސްވީ ދޯ، އަބަދު އަހަރެން ހުންނަން ޖެހެނީ ޒައުލްގެ ދަށުވެފަތަ، އެއީތަ ބޭނުންވާ ގޮތަކީ، ބާރު ހުރިކަން ދައްކަލާން ދޯ ބޭނުންވަނީ…އަހަރެން ގައިގަ ދެން އަތްނުލާތި، އެހެންނޫނީ މިކާރު މަޑުކުރޭ” ޔޫހާ އަވަސް އަވަހަށް ނޭވާއަކަށްވެސް ނުހުއްޓި ބުނެލިއެވެ. ޒައުލް ކާރުގެ ހުންގާނު ބުރުގައި ދެއަތުން ހިފާބާރު ކޮއްލަމުން ދެލޯމަރާލިއެވެ. ޒައުލް އެއްޗެއް ނުބުނެ އިނުމުންވެސް ޔޫހާ އެއްޗެހި ކިޔުމެއް ހުއްޓައެއްނުލިއެވެ. ލިބުނު ފުރުޞަތުގައި ހިތުގައިވި ހުރިހާ ރުޅިވެރިކަމެއް ބޭރުކޮއްލަނީ ކަންނޭގެއެވެ. ޝާއިންމެންގޭ ދޮރުމައްޗަށް ކާރު ހުއްޓާލުމުން ޔޫހާ އަވަސްވެގަތީ ފޭބުމަށެވެ. އެހެންނަމަވެސް ޒައުލް ކުޅަދާނަކަމާއިއެކު ޔޫހާގެ އަތުގައި ހިފާ މަޑުކުރުވިއެވެ.

“އަހަރެން ބޭނުން ޓެސްޓު ހަދަން” ޒައުލް ޔޫހާގެ އަތުގައި ހިފަހައްޓައިގެން އިނދެ ބުނެލިއެވެ.

“ކޮން ޓެސްޓެއް؟ ކީއްކުރަން” ޔޫހާ ހައިރާންކަމާއިއެކު އަހާލެވުނެވެ.

“ކިޔާންގެ” ޒައުލް ޔޫހާއަށް ބަލަންއިނދެ ބުނެލިއެވެ.

“އެކީއްކުރަން، އަހަރެން ބޭނުމެއްނޫން އެއްވެސް ޓެސްޓެއް ހަދާކަށް” ޔޫހާ ޒައުލްގެ އަތް ނައްޓާލަން މަސައްކަތް ކުރަމުން ބުނެލިއެވެ. އޭނައަށް ޒައުލްގެ ބޭނުން އެނގުނީއެވެ. އެހެންވެ ބޭނުންވީ އަވަހަށް ކާރުން ފައިބައިގެން ޒައުލް އާއި ދުރަށް ދިއުމަށެވެ.

“ޔޫހާ އެއްނު ބުނީ ކިޔާންއަކީ އަހަރެންގެ ދަރިއެކޭ، ކިޔާންގެ ޑީ.އެން.އޭ ޓެސްޓެއް ހަދަން އަހަރެން ބޭނުން، އަހަރެންގެ ދަރިއަކު ހުރިނަމަ އެކަން އަހަންނަށްވެސް ޔަގީންވާން ޖެހޭނެއެއްނު” ޒައުލް އޭނަގެ ގޮތްދައްކާލަމުން ބުނެލިއެވެ. ޔޫހާ ސިހިގެން ދިޔައީ ނުފެންނަ އަތަކުން އޭނަގެ ކަންފަތްމަތީ ޖެހިފަދަ އިޙްސާސްއެއް ވެގެން ދިއުމުންނެވެ. ޔޫހާގެ މޫނުމަތީގައިވި ރުޅިވެރިކަމަށްވުރެ މިހާރު ސިފަވަނީ އޭނަ ބިރުގެންފައި އިންހެނެވެ.

“ނޫޅެން، އެއްވެސް ޓެސްޓެއް ހަދާކަށް ބޭނުމެއްނޫން، ކިޔާން އެއީ ޒައުލްގެ ދަރިއެއްނޫން…އެއީ މަގޭ ދަރިއެއް، ހުރިހާ ބުރައެއް މިއަދާ ހަމަޔަށްވެސް މިއުފުލަނީ އަހަރެން….އެދަރިފުޅުގެ ބައްޕައެއް ނުވާކަމަށް މިދުނިޔެވެސް ވަނީ ހެކިވެފަ، އަހަރެންގެ އަތުން ދޫކޮއްލާ….ދޫކޮއްލާށޭ…އަހަރެންގެ ދަރިފުޅާ ކައިރިވެސް ވެގެން ނުވާނެ، އެއީ ޒައުލްގެ ދަރިއެއްނޫން” ޔޫހާ ތެޅިގަތެވެ. ޒައުލްގެ އަތުގައި ހިފާ ދުރަށް ލާން މަސައްކަތް ކުރަމުން ކާރުގެ ދޮރުފަތްވެސް ހުޅުވާލައިފިއެވެ. އޭނަގެ އަޑުވެސް ބާރުވިއެވެ. ޒައުލް ކުއްލިއަކަށް ޔޫހާގެ އަތުން ދޫކޮއްލީ އޭނަ އަޑުގަދަ ކުރަން ފަށާފާނެތީއެވެ. ޔޫހާ އަވަސް އަވަހަށް ކާރުން ފައިބަން އުޅެން ހަދައިގެން ދޮރުފަތުގެ މަތީގައި ބޯޖެހި އިސްތަށިގަނޑުގައި ޖަހާފައިން ކުޑަކުޑަ ދަތި ކާރުގެ ތެރެއަށް ވެއްޓުނެވެ. އެނބުރިލާފަވެސް ޒައުލް ބަލަންއިނުމުން ކާރުގެ ދޮރު ބާރަށް ޖަހާފައި ދުވަމުން ކަހަލަ ގޮތަކަށް ގޭދޮރާށިން އެތެރެއަށް ޔޫހާ ވަނެވެ. ލުއި ހީލުމަކާއިއެކު ޒައުލް ދެފަރާތަށް ބޯހޫރުވާލިއެވެ. އެހިނދު ޔޫހާގެ އިސްތަށިގަނޑުން ވެއްޓުނު ދަތި އޭނައިން ސީޓުގެ މަތީގައި އޮއްވައި ފެނުނެވެ. ޒައުލް އެދަތިނަގާ މުށުގެތެރޭ ފޮރުވާލަމުން ކާރު ދުއްވާލިއެވެ. ދާނެ ވަކި ތަނެއް ނެތުމާއިއެކު ޒައުލްގެ މިސްރާބު ހުރީ އޭނަގެ ގެއާއި ދިމާލަށެވެ.

ގޭތެރެއަށް ވަތް ޔޫހާ އަވަސްވެގަތީ ކިޔާން ކޮބާތޯ ބެލުމަށެވެ. އަވަސްފިޔަވަޅުގައި ގޮސް އޭނަ ނިދާކޮޓަރީގެ ދޮރުހުޅުވާލިއެވެ. އޭރު އަފްލީން ކިޔަންގެންގުޅުނު ވާހަކަފޮތް މޫނުމަތީ ބާއްވާލައިގެން އޮތެވެ. އޭނަގެ ކައިރީ ކިޔާން ނިދާފައިއޮތެވެ. ހީވާގޮތުން އަފްލީންއަށްވެސް އޮތީ ނިދިފައެވެ. ފުންނޭވާއެއް ލުމަށްފަހު ކޮޓަރީގެ ދޮރު ކައިރިކޮއްލަމުން ކާކޮޓަރި އާއި ދިމާލަށް ޔޫހާ ދިޔައެވެ. ރޭގަނޑުގެ އެގަޑީގައި އެތަނުގައިވެސް ދިއްލާފައި ހުރި ބޮކިންވަނީ ފަޑުއަލިކަމެކެވެ. އައިސް އަލަމާރިން ފެންފުޅިއަކާއި ތިރީ ކަނބަޑުސެޓު މަތީގައި ބަހައްޓާފައި ހުރިތަނުން ބިއްލޫރިތައްޓެއް ހިފައިގެން އައިސް ކާމޭޒުދޮށުގައި ޔޫހާ އިށީނެވެ. އޭނަގެ ސިކުނޑިވަނީ ހާސްވެފައެވެ. ކުއްލިއަކަށް ޒައުލް ކިޔާން އާއިމެދު އެފަދަ ޝައުގުވެރިކަމެއް އުފެދުނީ ކޮންއިރަކު ބާއޭ އޭނަގެ ހިތަށް އަރަމުންދިޔައެވެ. ޒައުލްގެ ހިތުގައި އެކުއްޖާ އާއިމެދު އެއްވެސް ރަޙުމެއްނުވާނެކަން ޔޫހާ ޔަގީންކުރެއެވެ. ކިޔާންއަކީ ޒައުލްގެ ދަރިއެއްކަން ޔޫހާ ހާމަކުރުމުންވެސް އޭނަ ފަސްޖެހުނީއެވެ. އޭގެ އެތަށް ދުވަހެއް ފަހުން އައިސް ކިޔާންއަކީ އޭނަގެ ދަރިއެއްކަން ޔަގީން ކުރަން ބޭނުންވެޔޭ ބުނުމުން ޔޫހާއަށް ހުރެވުނީ ޝޮކެއްގެ ތެރޭގައެވެ. ދުވަހަކުވެސް އޭނަ އެހެންބުނެދާނެއޭ ހިތަށް ނޭރީއެވެ.

“މިވެސް އަނެއްކާ ޒައުލްގެ ނުބައި ކުޅިގަނޑެއްބާ، އޭނަ އަހަންނާއި ކުޅުނަސް އަހަރެންގެ ދަރިފުޅާ ކުޅުނަކަ ނުދޭނަން، އޭރުގަ އެހާ ފަސޭހައިން ދުރަށް ގޮއްސަ މިހާރު ފަހަތުން ނުނެއްޓިގެން ތިއުޅެނީ ކީއްވެތަ….” ޔޫހާ އަމިއްލައަށް ބުނެލެވުނެވެ.

“ހޫން ހޫން، އެކަނި އިނދެ ކާކާތަ ތިވާހަކަދައްކަނީ….އަނެއްކާ ރަނގަޅަށްތަ މިހިވީ، އެކަނިތަ ތީނީ، އަހަންނަށް ނުފެންނަ މީހަކު ނެއްދޯ ތިތަނުގަ” ޝާއިން ބުނެލިއެވެ. ކުއްލިއަކަށް ޝާއިންގެ އަޑުއިވުމުން ސިހިފައި ޔޫހާ އިސްއުފުލާ ބަލާލިއެވެ.

“ޝާއިން…” ޔޫހާއަށް ބުނެލެވުނެވެ.

“ކޮބާ، އެމީހާ ދިޔައީތަ؟” ސަމާސާ ރާގެއްގައި ޝާއިން އަހާލިއެވެ. އަދި ޔޫހާ މޭޒުމަތީ ބެހެއްޓި ފެންފުޅިން އޭގެ ކައިރީ ހުރި ބިއްލޫރުތައްޓަށް ފެންއެޅިއެވެ.

“ދެން ޝާއިންވެސް ދޯ، މިތާކު ނެތޭ އެހެންމީހެއް، އަހަރެން އެކަނި މިއިނީ” ޔޫހާ އެހެން ބުނެލަމުން ތެދުވިއެވެ.

“ދެންމެ ދޯ ތިއައީ، އަޑުއިވުނޭ ބޭރު ދޮރުތަޅުލިއަޑު…ކޮބާ މިހާރު ކައިފިންތަ” ޝާއިން ފެންތަށި ހިފައިގެން ހުރެ ބުނެލިއެވެ.

“މިރޭ ކާހިތެއްނެއް، ފެންފޮދެއް ބޯލަން މިއައީ” ޔޫހާ ބުނެލިއެވެ.

“އަފޫ ކޮޓަރިއަށް ވަނީތަ؟” ޝާއިން އަހާލިއެވެ.

“ނޫން، އެބައޮތް ކިޔާން ކައިރީ ވާހަކަފޮތް ހުޅުވާލާފައި މޫނުމަތީ ބާއްވައިގެން، މަށަށް ހީވަނީ އޭނައަށް އެއޮތީ ނިދިފަހެން، އަހަރެން ކޮޓަރި ދޮރުހުޅުވާލީމަވެސް ހިލަމެއްނުވި” ޔޫހާ ހަމަޖެހިލާފައި ހުރިގޮތް ދައްކަމުން ހިނިތުންވެލާފައި ބުނެލިއެވެ.

“ހެ ހެ ހެ ހެ، އެހެންތަ، ތިވާނީ ހަމަ ގަދަ ނިދީގަ އޮތީކަމަށް، ނިދަން ދޯ ތިދަނީ” ޔޫހާ ހިނގައިގަތުމުން ޝާއިން އަހާލިއެވެ. އެއާއިއެކު ޔޫހާ ހޫން ލައްވާލަމުން ބޯޖަހާލިއެވެ.

ޔޫހާ މަޑުމަޑުން އަފްލީންއަށް ގޮވާލުމުން ފުއްމައިގެން ތެދުވިއެވެ. އެވަގުތު މޫނު މަތީއޮތް އިނގިރޭސި ވާހަކަފޮތް ވެއްޓުނެވެ.

“އޯ…ޔޫހާ އައީތަ” އަފްލީންއަށް ބުނެލެވުނެވެ.

“ހޫމް އައިސް މިހިރީ، ވާހަކަ ކުޅެލާފަ ދޯ ތިތެދުވީ” ޔޫހާ ސަމާސާ ކޮއްލިއެވެ. އެއާއިއެކު އަފްލީންވެސް ހީލިއަޑުއިވުނެވެ. އަދި ޓައިލްސްތަކުގެ މަތިން ޔޫހާ ނެގި ވާހަކަ ފޮތް ހިފައިގެން އަފްލީން ހިނގައިގަތީ އެކޮޓަރިން ނުކުތުމަށެވެ.

ހޫނު ރެއަކަށްވީތީ ޔޫހާ ފެންވަރާލައިގެން ނުކުމެ އެނދުގައި އޮށޯވެލީ ވެފަހުރި ވަރުބައްޔާއިއެކު ނިދިދާނޭ ހިތާއެވެ. އެހެނަސް އެލޮލުގެ ނިދިނަގާލީ ޒައުލްގެ ހިޔާލުތަކެވެ.

ނިތްކުރީގައި ބާއްވާލެވިފައި އޮތް އަތް ހިއްލާލަމުން ޒައުލް އެނދުން ތެދުވިއެވެ. ކޮޓަރިން ނުކުމެގެން ގޮސް ޓެރެސްއަށް އެރިއެވެ. އެތަނުގެ ހިޔާކޮއްފައިވާ ބައިގައި ހުރި ދިގު ސޯފައިގައި ހަށިގަނޑު ދަމާލަމުން އޮށޯތެވެ. ކޮންމެވެސް ވަރަކަށް ފެންނަން އޮތް އުޑާއިދިމާލަށް ނަޒަރު ހުއްޓާލައިގެން އޮތެވެ. އޭނަ ވިސްނަމުން ދިޔައީ ޔޫހާ ދެން ކަންތައް ކުރާނެ ގޮތަކާއިމެދުއެވެ.

“ޒައުލް….ދަރިފުޅާ، ޒައުލް…މިތާނގަ ނިދާފަ ތިއޮތީ ކިހިނެއްވީ، ރޭގަ ކޮޓަރިއަކު ނޫންތަ ނިދީ” ފަތިސް ނަމާދުކޮއްލައިގެން ޓެރެސްއަށް އެރި ލާއިގާއަށް ސޯފާގައި ނިދިފައި އޮތް ޒައުލްއަށް ގޮވާލަމުން އަހާލެވުނެވެ.

“މާމާ…” ބަންޑުން އެއްއަތް ސޯފާއިން ބޭރަށް އެލުވާލައިގެން އޮތް ޒައުލް ނިންޖާއިއެކު ބޯހިއްލާލަމުން ބުނެލިއެވެ. އޭރު އޭނަގެ އަތް އެލިފައި އޮތުމުގެ ސަބަބުން ވަނީ އައްސިވެފައެވެ. ތެދުވަން މަސައްކަތް ކުރި ޒައުލްއަށް އޭނަގެ ކޮނޑުގައި އަތްލެވުނީ ކޮނޑުހުޅާ ދިމާލުން ކޮންމެވެސް ވަރެއްގެ ރިހުމެއް އުފެދިފައި ވުމުންނެވެ.

“މީ މީހުން ނިދާ ކަހަލަ ތަނެއްތަ، އަތަށް ތަދުވީދޯ، އެހެންނޭވާނީ، ނޭގެ ކިހާއިރަކުން ކަމެއްވެސް އަތްއެލުވައިގެން އޮތީ….ދެން ތެދުވޭ، ނިދަން ބޭނުމިއްޔާ ދަރިފުޅުގެ ކޮޓަރިއަށް ދާންވީނު، މިތަނަށްވުރެ އަރާމުވާނެ” ލާއިގާ ޒައުލްއަށް ބުނެލަމުން އޭނަގެ ކޮނޑުހުޅު ބަލާލިއެވެ. ހަށިގަނޑުގެ ބޭރަށް އެއްވެސް ކަހަލަ ނިޝާނެއް ފެންނަންހުރިތޯޯއެވެ. ޒައުލް އެއްވެސް އެއްޗެއް ބުނުމެއްނެތި ސޯފާއިން ތެދުވަމުން އޭނަ ލައިގެން ހުރި ސިލްކު ހަރުވާޅުގެ ވާފަށަށް ދަމާލާފައި ހިނގައިގަތީ ޓެރެސްއިން ފައިބަން ދާށެވެ. އެއްކޮށް ހޭލާ ހުރި މީހެއްހެން އޭނަ ހީނުވިޔަސް ދެފަރާތަށް ކިރެމުންވިޔަސް އޭނަ ހިނގަމުންދިޔައެވެ.

“ބަލައިގެން ދާތި، ނިންޖާގެން ގޮސް ތަނެއްގަ ނުޖެހޭތި….ޒައުލް، ދަރިފުޅު ސިޑީގެ ހަރުފަތްތަކަށް ބަލައިގެން ފައިބައްޗޭ” ލާއިގާއަށް ޒައުލްގެ ހާލު ފެނުމުން ކަންބޮޑުވުމާއިއެކު ބުނެލެވުނެވެ. އަދި ދެފަރާތަށް ބޯހޫރާލަމުން އަތުގައި އޮތް ތަސްބީހައަށް ސަމާލުވެ ތުންތަޅުވަމުން ސޯފާގައި އިށީނދެއްޖެއެވެ.

ހެނދުނުގެ ނާސްތާގައި ލޫލުއާ ނޫން ދެންތިބިކުދިން ބައިވެރިވިއެވެ. ޒައުލް މިއަދުގެ ސުފުރާދޮށުން ނުފެންނާނެކަމަށް ލާއިގާ ހީކުރިނަމަވެސް އެކަން ކުއްހީއަކަށްވެދިއުމުން އޭނަގެ ގާތަށްވެސް ހިނިއައެވެ. ޒައުލްއަށް އައިސްގެން މިއުޅޭ ބަދަލަކީ ކޮބާކަން ލާއިގާއަށް ނަގައިގަނެވިއްޖެއެވެ. އެންމެފަހުން ޒައުލް އާއި އޭނަ އާއި ދެމެދު ދެކެވުނު ވާހަކަތަކުން އޭނައަށް ހީވިހީވުން ޔަގީންވިއެވެ. އޭނަގެ މާމަދަރިންގެ ތެރެއިން ކުއްޖަކަށް ލޯބިވެވިއްޖެކަން ގައިމެވެ. ތުންފަތުގައި ހިނިތުންވުމެއްވަނީ އެހެންވެއެވެ. އަދި އެކުއްޖަކީ އޭނަ ޚާއްޞަކުރަމުން އަންނަ ޒައުލްކަން އެނގުމުން ވަކިން ހިތްހަމަޖެހިފައިވެއެވެ. ޒައުލްގެ ހޮވުން ގޯހެއް ނުވާނެކަން ލާއިގާއަށް އެނގެއެވެ. ފަތިހު ޓެރެސްގައި ޒައުލް އޮތްގޮތުންވެސް އޭނަގެ ހާލު ލާއިގާގެ ވިސްނުމަށް ހިތްވަރުދީފިއެވެ. އޭނަ މިހާރު އޮޅުންފިލުވަން ބޭނުންވަނީ އޭނަގެ ލޯބިވާ ދަރިފުޅަށް އެފަދަ ޖާދޫއެއް ހެދީ ކާކުތޯއެވެ.

“އީކް، ދޮންބެ ކުރަންޖެހޭ ހުރިހާ ކަމެއް ނިމިއްޖެ، ގާޑަން ވިއުގެ ހުރިހާ ކަމެއް ނިމިއްޖެ، ކޮންއިރަކުން ކޮއްކޮ ބަލާލަން އަންނާނީ، އެންމެ ފަހުގެ ކަންތައް ނިންމާލެވޭނީ އޭރުން، ފެޝަން ޝޯ ރަންވޭގެ ފުޅާމިނާ އެއްޗެހި އެނގެން އެބަޖެހޭ، ސްޓޭޖް ގޮތަކަށްނު ހަދާނީ، އަދި ޑެކަރޭޓީން ކުލަވެސް ބުނަން އެބަ ޖެހޭ، މިއަދު އިންޓީރިއާ ޑިޒައިނިންގް ހަދާ ގުރޫޕް އަންނާނެ….ސޯ ވަޓް ޝުޑް އައި ޑޫ، ހާޒިމް އާއިއެކު ގާރޑަންވިއުއަށް ދާނީތަ….” ދާއިން އޭނަގެ ތަށީގައި އޮތް ބިސްގަނޑު އުލާއި ވަޅިން ވަކިވަކި ކޮއްލަމުން ވާހަކަ ދެއްކިއެވެ.

“ދޮންބެ އަންނަންވީނު އަޅުގަނޑު ބަލާ، ދޮންތަވެސް ގޮވައިގެން ދޯ ދާނީ، މްމްމްމް….އެކަމަކު އޭރުން މާލަސްވާނެ ދޯ، އޯކޭ، އައި ގޮޓް އެން އައިޑިއާ، ދޮންތަ ކައިރީ ބުނާނީ ހާޒިމް އާއިއެކު އަންނާށޭ، ދެން ކުރިން ދޮންބެއާއި އަޅުގަނޑު ގާރޑަންވިއުއަށް ދާނީ، އިންޓީރިއާ ޑެކަރޭޓްކުރަން އަންނަ މީހުން ގާތު ބުނޭ ހަވީރު އަންނާށޭ، އޭރުން ދޮންބެވެސް ފްރީވާނެއެއްނު…ޕްލީޒް ޕްލީޒް ދޮންބޭ، އެގްރީ ވިތްމީ” އީލާކް ބުނެލިއެވެ.

“އޯކޭ…” މާގިނަ ވާހަކަ ދެއްކުންތަކަކާއިނުލާ ޒައުލް އެއްބަސްވެއްޖެއެވެ.

“ބައްޕަވެސް ގާރޑަންވިއުގެ މަސައްކަތްތައް ނިމިއްޖެއްޔާ ބަލާލަން ބޭނުން” މަންސޫރު ކުދިންގެ ވާހަކައިގައި ބައިވެރިވިއެވެ.

“ބައްޕައަށް ފަސޭހަ ގަޑިއެއް އަޅުގަނޑަށް އަންގާލަދެއްވާ އޭރުން އަންނާނަން ބައްޕަ ގޮވައިގެން ގާރޑަންވިއު ދައްކާލުމަށް، ހީކޮއްގެން ހުރީ އީކް ކޮއްކޮގެ ފެޝަން ޝޯ ބާއްވާ ރޭގައި ބައްޕައަށްވެސް އަދި މާމައަށްވެސް އަޅުގަނޑުމެންގެ އާ ހޮޓެލް ދައްކާލުމަށް، އެރޭގަ ހޮޓެލްގެ ފުރިހަމަ ރީތިކަން ފެންނާނީ” ޒައުލް ހިނިތުންވެލާފައި ބުނެލިއެވެ. އޭނަގެ މަސައްކަތާއިމެދު އޭނަ އަމިއްލައަށްވެސް ފަޙުރުވެރިވާ ކަހަލައެވެ.

“އެހެންވީރު މިހާރު ގާޑަންވިއު ބެލުމުގެ ހިޔާލު ދޫކޮއްލީ މި، ދެން ބަލާލަން ދާނީ އަހަރުމެންގެ އިލާކްގެ ބޮޑުރޭގައި ދޯ” މަންސޫރު މިހެން ބުނެލަމުން އޭނަގެ ވާތްފަރާތުގައި އިން އީލާކްގެ އަތުގައި ފިރުމާލަމުން ނިތްއަރުވާލާފައި ހީލިއެވެ.

ޝާއިން އޮފީހަށް ދިއުމުން ޔޫހާ ދެން އަވަސްވެގަތީ އަފްލީންއަށް ސައިހެދުމަށެވެ. އޭނަ ސްކޫލަށް ދާންވާއިރަށް ސައިދީފައި ގެއިން ފޮނުވާލެވޭތޯއެވެ. އޭރު އަފްލީން ފެންވަރައިގެން އަދި ނުކުތީއެވެ. ޔޫހާ ހެނދުނު ގަޑީ ގޭގައި އުޅޭ ދުވަހަކަށް ވުމުން އަފްލީންއަށް ތަންކޮޅެއް ގިނައިރު ނިދާލަން އޮތުމުގެ ފުރުޞަތު ލިބުނެވެ. ރީތި ލަވައެއް ކިޔަމުން އެއްއަތުން ތުވާލިން އިސްތަށިގަނޑު ހިއްކަމުން އޭނަ ބެލީ ފޮތްތައް ހަމަކުރެވޭތޯއެވެ. ވަގުތު އޮތުމާއިއެކު ހުރިހާ ކަމެއް ކުރަމުން ދިޔައީ ވަރަށް ހަމަޖެހިލައިގެން ހުރެއެވެ.

“އަފޫ، ސައި ހަދާފަ އެހެރީ، ސައިބޮއެގެން ސްކޫލަށް ދާންވާނީ، އެހާ ވަގުތު އޮއްވަ ތައްޔާރުވައްޗޭ، އަހަރެން މިވަންނަނީ ކޮޓަރިއަށް” ޔޫހާ އަފްލީންގެ ކޮޓަރީގައި ޓަކި ޖަހާލާފައި ހުޅުވާލަމުން މިހެން ބުނެލިއެވެ. ރީތިވާ މޭޒުކައިރީ ހުރި އަފްލީން ބޯޖަހާލަމުން އޭނަ ކުރަންހުރި ކަންތަކުގައި މަޝްޣޫލުވެއްޖެއެވެ.

އަފްލީން ނުކުމެގެން ދިއުމުން ޔޫހާ ގޭތެރޭގައި އެކަނިވިއެވެ. ކިޔާންވެސް އޮތީ ނިދާފައެވެ. ކަމެއްނުކޮއް އިނުމަކީ އޭނައަށް އުނދަގޫކަމެވެ. އަނެއްކޮޅުން ކިޔާން ހޭލައިފިއްޔާ އެކަމާވެގެން ކަމެއް ކުރުމަކީ އުނދަގޫކަމެކެވެ. ހެނދުނުގެ ސައިބުއިމަށްފަހު ޔޫހާ އަވަސްވެގަތީ ގޭގެ ބިއްދޮށުގައި އޮންނަ ހުސްތަންކޮޅު ކުނިކަހާލުމަށެވެ. އެތަން ސާފުނުކުރާތާވެސް މަހެއްހާ ދުވަސްވެއްޖެއެވެ. އަދި ލިބުނު ވަގުތުގައި ކިޔާން ސްކޫލަށް ގެންދަންވާއިރަށް ލައްވާނެ ޔުނީފޯމެއްވެސް އިސްތިރިކުރިއެވެ.

ދުވަހުގެ ދިހައެއް ޖަހާލާކަން ހާއިރެވެ. ކިޔާން ޔޫހާ ހޯދަމުން ކޮޓަރިން ނުކުތެވެ. އޭރު ސޯފާގެ ކަވަރުތައް ބަދަލުކުރަން ޔޫހާ އުޅެއެވެ. ކިޔާންގެ އަޑުއިވުމާއިއެކު ޔޫހާ ކޮޓަރި އާއި ދިމާލަށް ބަލާލިއެވެ.

“ބުއްތަށި ހަދަން” ޔޫހާ ލޯތްބާއިއެކު ކިޔާންއަށް ބަލާލަމުން އަހާލިއެވެ. ކިޔާން އާފުރެލަމުން ބޯޖަހާލިއެވެ. ޔޫހާ ކުރަންހުރި ކަންތައް ބަހައްޓާފައި އަވަސްވެގަތީ ކިޔާންއަށް ކިރުތަށިހެދުމަށެވެ. ކިޔާން ހޭލާގޮތަށް އެންމެ ފުރަތަމަވެސް ބޭނުންވާނީ ކިރުތަށި ބޯށެވެ. ޔޫހާ އުޅެއުޅެވެސް ބަދަލު ނުވިކަމެއް އެނޫނީ ނެތެވެ.  ކިޔާން ނަގާ ގޮނޑީގައި ބައިންދަމުން އޭނަގެ އަތަށް ޔޫހާ ކިރުތަށި ދިނެވެ. އަދި ޖެހިގެން އިން ގޮނޑީގައި އިށީނދެލައިގެން އޭނަގެ މުއުސޫމު ކަމުން ފުރިގެންވި ދަރިފުޅަށް ބަލަންއިނެވެ. އެދަރިފުޅާއި ގުޅިގެން ޒައުލް ބުނެފައިވާ އެއްޗެއްގެ މަތިން އޭނަ ހަނދާނެއް ނުނެތެވެ. ހަނދާންނެތޭނެނަމަ ކިހާ ރަނގަޅުވާނެހޭ ޔޫހާ އަބަދުވެސް ހިތަށްއަރައެވެ. ޒައުލް އާއި ދިމާނުވިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ. މިއަދު މިހިސާބަށް އަންނާކަށް ނުޖެހުނީހެވެ. ޔޫހާގެ ތަގްދީރާއި ނަސީބުވެސް ދެރައީއެވެ. އެހެންނޫންނަމަ އޭނައަށް ޒައުލްގެ ތަނެއްގައި ވަޒީފާ އަދާކުރާކަށްވެސް ނުޖެހުނީހެވެ. ޒައުލް އާއި ދެވަނަ ފަހަރަށްވެސް ބައްދަލު ކުރަން މަޖުބޫރު ކުރުވީ އޭނަގެ ތަގްދީރެވެ. އެއީ އެއަށް އެކަކުގެ ބާރެއްވެސް ނުފޯރުވޭނެ އެއްޗެކެވެ.

“ޖަމާލްއަށް ޔަގީންތަ، އަހަންނަށް ތިހުރިހާ ކަމެއް އެނގުން ވަރަށް މުހިއްމު، އެހެންވެ ޔަގީންވާންވެސް ބޭނުންވަނީ…ދިހަގަޑި ބައިގަ މީޓިންއެއް އެބައޮތް، ބާރަ ޖަހަންވާއިރަށް ނިމޭނެކަން ޔަގީން، އަހަރެން ބަލާ އާދޭ ބާރަ ޖަހާއިރަށް، އެގެއަށް ދާންވީ ވަގުތު ޖެހިއްޖެ” ޒައުލް މިހެން ބުނެލަމުން ފޯނު ބޭއްވިއެވެ. އަދި ފައުޒީ އާއިއެކު މީޓިންއަށް ކޮންޕަރެންސް ރޫމްއަށް ދިއުމަށް އޭނަގެ ކެބިންއިން ނުކުތެވެ.

“ޒައުލް، ޔޫހާ މިހާރު ވަރަށް ރަނގަޅު، ޑިއުޓީއަށް ބަރާބަރަށް އާދޭ” ފައުޒީ ޔޫހާގެ ވާހަކަ ދައްކަންފެށިއެވެ.

“ކިހިނެއްވީ ކުއްލިއަކަށް ޔޫހާގެ ވާހަކަ ތިފެށީ، މުވައްޒަފުން އެމީހުންގެ މަސައްކަތަށް ފަރުވާ ބަހައްޓަން ޖެހޭނެތާ” ޒައުލްގެ ވާހަކައިން އޭނަ ފައުޒީ ދެއްކި ވާހަކަ އާއި ގަޔާވާހެންނެއް ހިއެއްނުވިއެވެ.

“އަޅުގަނޑު އަހާލަން ބޭނުންވީ ޒައުލް ކީކޭ ބުނެގެންތޯ ޔޫހާގެ އުޅުން ކުއްލިއަކަށް އެބަދަލުވީ” ފައުޒީ އަހާލިއެވެ.

“މިތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކޮންމެވެސް ވަރެއްގެ ސިއްރުތަކެއް އަހަރެންވެސް ހިފަހައްޓަންވާނެ އެއްނު….އެއީ ބޮސް އާއި އޭނަގެ ދަށުން މަސައްކަތް ކުރާ މުވައްޒަފަކާއި ދެމެދު ދެކެވުނު ކޮންފިޑެންޝިއަލް ވާހަކަތަކެއް، ކްލެސިފައިޑް ސީލް ޖެހިފަވަނީ އެފައިލްތަކުގަ…ހެ ހެ ހެ” ޒައުލް މާބޮޑު ކަމަކަށް ނުހަދާ ސަމާސާ ރާގެއްގައި މިހެން ބުނެ ލުއިގޮތަކަށް ހީލިއެވެ.

ކިޔާންއަށް މެންދުރު ކާންދޭން އުޅުނު ޔޫހާ އޭނަގެ ދަރިފުޅުގެ ފަހަތުން ދުވެދުވެ ވަރުބަލި ވެއްޖެއެވެ. ސޯފާގައި އިށީނދެ ކިޔާންއަށް ދެއްކުމަށްޓަކައި ރޯކަމަށް ހަދައި މޫނުގައި ދެއަތް އަޅާ ފޮރުވާލައިގެން އެކްޓުކުރަމުން ދިޔައެވެ. ލާނެއް ގޮތަކަށް ހޭން ދުރުގައި ކިޔާން ހުއްޓެވެ. އެވަގުތު ސިޓިންރޫމު ދޮރުމަތިން މީހަކު ސަލާމް ގޮވާލިއަޑުއިވުނެވެ. ޔޫހާ މޫނުމަތިން އަތްނެގުމަށްފަހު ދޮރާދިމާލަށް ބަލާލުމާއިއެކު ފުއްމައިގެން އޭނައަށް ތެދުވެވުނެވެ.

“މިގެއަށް އައީ ކީއްކުރަން” ޔޫހާ ސިޓިން ރޫމު ދޮރުމަތީގައި ހުރި ޒައުލް އާއި ދިމާލަށް ބުނެލިއެވެ.

“އަހަރެން ނުބުނަންތަ ޓެސްޓް ހަދަން ބޭނުންވާ ވާހަކައެއް” ޒައުލް ހަނދާން ކޮއްދެމުން ބުނެލިއެވެ.

“އެކަމަކު އަހަރެން ބޭނުމެއްނޫން، އަޑުއިވިއްޖެތަ…މިބުނީ ބޭނުމެއްނޫނޭ، އެއީ އަހަރެންގެ ދަރިއެއް، ޒައުލް އެންމެ ރަނގަޅުވާނީ މިގެއިން ނުކުމެގެން ދިޔައީ ވިއްޔާ، އެހެންނޫނީ މިގޭ މީހުން ނުކުތުމުން މާރަނގަޅެއް ނުވާނެ” ޔޫހާ ކިޔާންއަށް ވިސްނާލާފައި ޒައުލްގެ ކައިރިއަށް ފިޔަވަޅެއް އަޅައި ސިއްރުން ކަހަލަ ގޮތަކަށް އަޑުކޮންޓްރޯލްކުރަމުން ބުނެލިއެވެ.

“ހެ ހެ ހެ ހެ….” ޒައުލް އޭނަގެ ފަޓުލޫނު ޖީބަށް ދެއަތްޖަހާލާ ހަމަޖެހިލަމުން ހޭންފެށިއެވެ.

“އޭ، އަހަރެން ޖޯކުތަ މިކިޔާދެނީ ހޭކަށެއް، ރީތިގޮތުގަ މިބުނީ ނުކުންނާށޭ މިގެއިން، ތިވަރުގެ ގޮތެއްފޮތެއްނެއް މީހަކު މަށެއްވާ ނުދެކެން” ޔޫހާ ޒުވާބު ނުކޮށްވޭތޯ ވަރަށް މަސައްކަތްކުރިއެވެ.

“ޔޫހާ ޖޯކު ކިޔާދިނަސް އަހަރެން އަޑުއަހާނަން، އެކަމަކު ބުނަން، ދޮގެއް ނުހެދިޔަސް ވެދާނެ” ޒައުލް ހުނުން ހުއްޓާލާފައި ބުނެލިއެވެ.

“އަހަރެން ކޮންދޮގެއްތަ ހެދީ” ޔޫހާ ހައިރާންވިއެވެ.

“މިގޭ އުޅޭ މީހުން ނުކުތީމަ މާ ރަނގަޅެއް ނުވާނެ އޯ…ބަލަ އަހަންނަށް އެނގެޔޭ މިވަގުތު ޔޫހާ އާއި ޔޫހާގެ މިހިރަ ދަރިފުޅާ ނޫން އެހެން މީހަކު މިގޭގަ ނެއްކަން، އެވަރު ޔަގީންކޮއްފައޭ އަހަރެން މިއައީ، ޝާއިންގެ ކޮއްކޮވެސް ޝާއިންވެސް ނާންނާނެކަން އަހަންނަށް އެނގޭ” ޒައުލް ބުނެލިއެވެ.

“ފާރަވެސް ލަނީތަ، އޯ…އެހެންވީމަ ޒައުލްގެ ކާރު ދޯ މިމަގު ކަންމަތީގަ ޕާކުކޮއްފަ އެއޮންނަނީ” ޔޫހާ ބުނެލިއެވެ. އޭނަ ޒައުލް ކައިރީ އެތެރެއަށް ވަނުމަށް ނުބުނިކަމުގައި ވިޔަސް އޭނަ ސިޓިންރޫމު ތެރެއަށް ވަދެއްޖެއެވެ. އަދި ވަށައިގެން އެގެއަށް ބަލާލިއެވެ.

“ޖަމާލް ދިޔައީ ޔޫހާ އުޅޭ ނޫޅޭގޮތް ބަލަމުން، މިގެއަށް ވަންނަ މީހުންނާއި ނުކުންނަ މީހުންނާއި، ޔޫހާ ބޭރަށް ދާގަޑި ތަކާއި ގެއަށް އަންނަ ގަޑިތައްވެސް” ޒައުލް މޮޅުކަން ދައްކާލަމުން ބުނެލިއެވެ.

“އޯ އެހެންތަ، ހާދަ މޮޅު ކަމެކޭ ތިކުރެވުނީ، އެކަމާ އެވޯޑެއް ދޭންވީދޯ…ހިތަށް އަރާ ކަލޭކަހަލަ ދަށުދަރަޖައިގެ މީހެއްގެ ޑްރައިވަރަކަށް ޖަމާލްވީކަމީ އޭނަގެ ބަދުނަސީބުކަމޭ، އޭނަގެވެސް މިއަދު އެއްވެސް އިއްޒަތެއް ގަދަރެއްނެއް” ޔޫހާ ބުނެލިއެވެ.

“އޯކޭ، ތީ އަހަންނަށް މުހިއްމު ކަމެއްނޫން، ޔޫހާ ކޮންމެ ގޮތަކަށް ދެކުނަސް އަހަރެން ކުރަން އައިކަންތައް ކޮއްފަނޫނީ މިގޭންނެއް ނުނިކުންނާނަން” ޒައުލް މިހެން ބުނެލަމުން ކިޔާންގެ ގާތަށް ޖެހިލިއެވެ. އެއީ އޭނަގެ ކުޑައިރުގެ ތަސްވީރެވެ. އެތަސްވީރަށް ދިރުން ލިބިފައި ވާކަހަލައެވެ. ޒައުލް ފުންނަޒަރަކުން ކިޔާންއަށް ބަލަހައްޓައިގެން ހުއްޓެވެ. އަދި މަޑުމަޑުން ކިޔާންގެ ބޮލުގައި އަތްހާކާލީ ހިނިތުންވެލަމުންނެވެ. އޭނަގެ ހިތް ކުރިމަތީގައި ހުރި ކުއްޖަކީ ޒައުލްގެ ދަރިއެއްކަމުގައި ބުނިކަހަަލައެވެ.

“ކިޔާން…” ޔޫހާއަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ. އެވަގުތު ކިޔާން ދުވެފައި ޔޫހާގެ ގާތަށް އައެވެ.

“ހެ ހެ ހެ…ކިޔާން، މީ ކިޔާންގެ މަންމަތަ؟ އެހެންވީރު ބޭބެއަށް ދޭންވީނު ކިޔާންގެ މަންމަ” ޒައުލް ޔޫހާގެ ގާތަށް ދިޔަ ކިޔާންގެ ކުރިމަތީ ކުޑަކޮށް ތިރިވެލަމުން ކިޔާން އާއިއެއްހަމައަކަށް އައިސް ބުނެލިއެވެ.

“ނޫން، ކޮއްކޮގެ އެކަނި މަންމިއެއް މީ” ކިޔާން ޔޫހާގެ ފައިގާ ބާރަށް ހިފަހައްޓާލަމުން ބުނެލިއެވެ.

“އެހެންތަ، ކޮއްކޮގެ އެކަނި މަންމިއެއްތަމީ، ދެން އެހެންވީރު ކޮއްކޮގެ ބައްޕަ ކޮބާތަ…” ޒައުލް އަނެއްކާވެސް ކިޔާންއަށް ބުނެލިއެވެ.

“ޒައުލް…ހެޔޮނުވާނެ، އެކުއްޖާ އަހަރުމެން ދެމީހުންގެ ޒާތީ ކަންތައްގަނޑުގެ ތެރެއަށް ނުބީއްސާ” ޔޫހާއަށް ބުނެލެވުނެވެ.

“މީ ޒާތީކަމެއްތަ، އޭނައަށްވެސް އޭނަގެ ބައްޕަ އެނގެންޖެހޭނެތާ، އަނެއްކާ ބައްޕަ ޔަގީންކޮއްދެވޭނީވެސް މަންމައަކަށްނު، އޭނަވެސް އަހަރެން މިކުރި ސުވާލު ޔޫހާ އާއި ކުރާނެ، ދެން ކީކޭ ބުނާނީ، ދަރިފުޅުގެ ބައްޕައެއް ނުހުންނާނެއޭ، ނޫނީ ކޮންމެވެސް ފިރިހެެނެއްގެ ނަންބުނެފަ އޭނަގެ ބޮލުގައި އިލްޒާމް އަޅުވާނީތަ…ނޫނީ އަހަރެންގެ ބޮލުގަތަ އެއިލްޒާމް އަޅުވާނީ، އަހަރެންނަށް އެއީ އަހަރެންގެ ދަރިއެއްކަން އެނގި އަޅާނުލިއްޔޭތަ ބުނަން ބޭނުންވަނީ، މިއަދު އަހަރެން މިއައީ ޔޫހާގެ ވާހަކަ ތެދުކޮށް އަހަރެންގެ ދަރިއަކު މިދުނިޔޭގައި އުފަންވެފައިވާނަމަ އެކަން ޔަގީން ކުރަން، ދެން ކީއްވެ ތިހުއްޓުވަނީ” ޒައުލް ޔޫހާގެ އަތުގައި ހިފާ އޭނަ އާއި ގާތްކޮއްލަމާއިއެކު މޫނާ މޫނު ޖެހޭހާ ހިސާބަށް ކައިރިވެލައިގެން ހުރެ ބުނެލިއެވެ. ކިޔާން ކަޅިވެސް ޖަހާނުލައި ޒައުލްއަށް ބަލަން ހުރީ ކުޑަކޮށް ބިރުގެންފައި ހުރިފަދަ ގޮތަކަށެވެ.

“މަންމީ…” ކިޔާން ރޮވެން އުޅޭ ފަދަ އަޑަކުން ޔޫހާއަށް ގޮވާލިއެވެ.

ޒައުލް ޔޫހަގެ ފައިގާ ހިފަހައްޓާލައިގެން ހުރި ކިޔާންއަށް އެވަގުތު ބަލާލިއެވެ. އޭނައަށް ކިޔާންގެ މޫނުމަތިން ފެނުނު މަންޒަރުތަކާއިއެކު ޔޫހާގެ އަތުން ދޫކޮއްލަމުން ދުރަށް ޖެހިލިއެވެ.

“މަންމައަށް ދަރިފުޅުގެ ބައްޕަ ޔަގީންވާތީއެއްނު މިހާރު މިބުނަނީ މިދަރިފުޅުގެ ބައްޕައަކީ ޒައުލްއެއް ނޫނޭ” ޔޫހާ ނިތަށް ރޫއަރުވާލަމުން ބުނެލިއެވެ.

“ކިޔާން، ކޮއްކޮ ކޮޓަރި ކޮބާ؟” ޒައުލް މިފަހަރުވެސް ކިޔާން އާއި ވާހަކަދެއްކީ އޭނަ އާއި އެއްހަމައަކަށް ތިރިވެލާފައެވެ. އެހިނދު ކިޔާން ޔޫހާ ނިދާކޮޓަރި އާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮއްލަމުން އިޝާރާތްކޮއްލިއެވެ.

“ޒައުލް، ޒައުލް…ނުވަންނާތި، އަޑުއިވޭތަ އެބަ، ނުވަންނާށޭ…ޒައުލް…” ޔޫހާ މިހެން ބުނަމުން އޭނަގެ ފައިގާ އޮޅުލައިގަނެގެން ހުރި ކިޔާން ދުރުކޮއްލާފައި ޒައުލްގެ ފަހަތުން ހިނގައިގަތެވެ. ޒައުލް އޭނަގެ ބޮޑެތި ފިޔަވަޅުތަކުގައި ގޮސް ޔޫހާގެ ނިދާކޮޓަރީގެ ދޮރުގައި އަތްލިއިރު ދޮރުހުރީ ކުޑަކޮށް ހުޅުވިފައެވެ. އެހެންވެ ބަލަންނުހުރެ ދޮރުގައި އަތްތިލަ ޖައްސާލަމުން ކޮއްޕާލިއެވެ. ހުޅުވިގެން ދިޔަ ދޮރާއިއެކު އޭނަ އެތެރެއަށް ވަނެވެ. އެކޮޓަރީގައި ހުރި އެނދަށް އޭނަ ބަލާލިއެވެ. ރީތިކޮށް ތަންމަތިއަޅާ އޮމާން ކުރެވިފައިވެއެވެ. އެއީ ޔޫހާ ނިދާތަނަށް ވީތީ އިރުކޮޅަކު އެނދާއި ދިމާލަށް ބަލަހައްޓައިގެން ޒައުލްއަށް ހުރެވުނެވެ. ޔޫހާ ގޮވާލުމުން ސިހިފައި އެއްފަރާތުގައި ހުރި ރީތިވާ މޭޒުމަތި ހޯދަން ފެށިއެވެ.

“ޒައުލް، މިގޭން ނުކުމޭ، ހަމަ މިހާރު ނުކުމޭ، އެހެންނޫނީ….” ޔޫހާގެ ޖުމްލަ ފުރިހަމަ ނުވަނިސް ޒައުލް ވާހަކަދެއްކިއެވެ.

“ހެންނޫނީ ކޯއްޗެއް…ބުނެބަލަ، އެހެންނޫނީ ކިހިނެއް ހަދާނީ” ކުއްލިއަކަށް ޔޫހާ އާއި ދިމާލަށް އެނބުރުނު ޒައުލް ބުނެލިއެވެ. އޭނަގެ އަޑުގައިވެސް މިހާރުވަނީ ރުޅިވެރިކަމުގެ އިޙްސާސް އެކުވެފައެވެ. އޭނަ ހޯދަނީ ކޯއްޗެއްކަމެއް ނޭގެއެވެ. ރީތިވާ މޭޒުމަތީ ހުރި ހުރިހާ އެއްޗެއް ބަލަމުންގޮސް ވަތްގަނޑުތައްވެސް ހުޅުވާ ބަލައިފިއެވެ.

“ކޯޗެއްތަ ތިހޯދަނީ، ޒައުލް އާއި ހެދި އަހަރެންގެ ދަރިފުޅު އެހަރަ ބިރުން ފިތްކަނޑައިގެންދަނީ، ހަމަ ތެދެއްމިބުނީ ތިކަން ނުހުއްޓައިފިއްޔާ އަހަރެން ދެންގުޅާނީ ފުލުހުންނަށް” ދޮރުކަނީގައި ދެލޯބޮޑުކޮއްގެން ބަލަން ހުރި ކިޔާންފެނި ޔޫހާ ބުނެލިއެވެ.

“އަހަރެން މިހެން އުޅެން ޖެހުނީ ޔޫހާގެ ސަބަބުން، ރީތިކޮށް އަހަރެން ބުނީމަ ޓެސްޓު ހެދޭނެގޮތް މަގުފަހިކޮއްދިންނަމަ މިހެނެއްނުވާނެއެއްނު، މިވަރު އަހަރެން ކުރާތީވެސް ހިތްނުފުރެނީތަ؟ ބަލަ މިހިރަ ކުއްޖާއީ އަހަރެންގެ ދަރިއެއްކަން ޔަގީންކުރަން އަހަރެން ބޭނުންވީމަ ޔޫހާ އުފާކުރަންވީނު” ނިތްކުރިން ދާތިކިތަށް ފާޅުވަމުންދިޔަ ޒައުލް ބުނެލިއެވެ. އަދި ރުޅިގަނޑާއިއެކު ރީތިވާ މޭޒުމަތީގައި ހުރި ހުރިހާ އެއްޗެއް އަތުން ކަހާލި ކަހާލީނުން ޓައިލްސްތަކުގެ މައްޗަށް ވެރިގެންދިޔަ އަޑުގޮވައިގެން ދިޔައެވެ. ޔޫހާގެ އުފަންދުވަހު ޝާއިން އޭނައަށް ދިން ސެންޓުފުޅިވެސް ވެއްޓުނު ގޮތަށް ފުނޑު ފުނޑުވީއެވެ. ޔޫހާ އަވަސްވެގަތީ ކިޔާންގެ ގާތަށް ދިއުމަށެވެ. އޭރު ދޮރުކަނީގައި ކުޑަކޮށް ފިލާހުރި ކިޔާންއަށް ހަމަރަނގަޅަށްވެސް ރޮވިއްޖެއެވެ. ޒައުލް ރުޅިކޮންޓްރޯލް ކުރަން މަސައްކަތްކުރިއެވެ. ކުޑަކުޑަ ކިޔާންގެ ރުއިމުގެ އަޑުން ޒައުލްއަށްވަނީ ހިމޭންކަން ވެރިވެފައެވެ. ޔޫހާ ކިޔާން އުރާލަމުން ދަރިފުޅު މަސަލަސް ކުރެވޭތޯ އުޅުނެވެ. ތަޅައިގެން ދިޔަ ސެންޓުފުޅީގެ ވަސް މުޅިކޮޓަރިއަށް ފެތުރިގެން ދިޔައެވެ. ޒައުލްއަށް އޭނަގެ ނިތުގައި އަތުން ހިފަހައްޓާލަމުން ލޯމަރާލާ ހަމަޖެހިލަން މަސައްކަތް ކުރިއެވެ. އޭނަ ހޯދަމުން ދިޔައީ ކިޔާންގެ ޑީއެންއޭ ނެގޭނޭފަދަ އެއްޗެކެވެ. އެހެންނަމަވެސް އެކަން ފަސޭހަ ކަމާއިއެކު ކާމިޔާބު ނުވުމުން އެކަމާ އޭނަ ހިތްހަމަ ނުޖެހުނީއެވެ.

ޔޫހާ އާއި ކިޔާންއަށް ބަލަން ހުރި ޒައުލް އިރުގަނޑެއްގައި ހިމޭނުން ހުރުމަށްފަހު އެގެއިން ނުކުމެއްޖެއެވެ. މީއަދި މިކަން ވާނެގޮތެއްނޫންކަން ޒައުލްއަށް ވިސްނުނީ ދެނެވެ. ކިޔާންގެ ކުރިމަތީގައި އެފަދަގޮތަކަށް ކަންތައް ކުރެވުމުން އޭނަގެ އަމިއްލަ ނަފްސު ކުއްވެރިކުރިއެވެ.

“ކުޑަސާހަބް…” ކާރުގެ ބޭރުގައި މަޑުކޮއްލައިގެން ހުރި ޖަމާލްއަށް ޒައުލް ފެނުމާއިއެކު ބުނެލެވުނެވެ. އޭނައަށް ޒައުލްގެ މޫނުމަތީގައިވާ އުދާސްކަން ދެނެގަނެވުނެވެ. އަވަސް އަވަހަށް ކާރުގެ ދޮރުފަތް ޒައުލްއަށް ހުޅުވާދީފައި އެކާރުގައި އޭނަގެ މަގާމުގައި އޭނައިށީނދެއްޖެއެވެ. އެއްވެސް ސުވާލެއް ކުރުމެއްނެތިއެވެ.

“ހިނގާ ހޮޓަލަށް” ޒައުލް ކުރެހިފައިވާ އަޑަކުން ބުނެލިއެވެ.

“މްމްމް…ހާދަ މީރުވަހެކޭ، އެކަމަކު ހާދަވަރަކަށް ސެންޓުޖަހާލައިގެން ތިއުޅެނީ، އައްދޭ އަފޫ ދައްތަ ކިޔާންއަށް މީނީ ކިހިނެއްވެފަ، ރޮވިފަތަ” ގެއަށްވަތް އަފްލީންއަށް ބުނެލެވުނެވެ. އެހެނީ ގެއަށް ވަތްތަނާހެން އެންމެ ފުރަތަމަވެސް އޭނަގެ ނޭފަތުގައި ޖެހުނީ ތަޅައިގެން ދިޔަ ސެންޓުފުޅީގެ ވަހެވެ. އެއަށްފަހު ސޯފައިގައި ތުންފިއްތަ ފިއްތާއިން ކިޔާންއެވެ. ލޮލުން ދެންމެ ކަރުނަ ހިކިފައިވާކަން ފެންނަން ހުއްޓެވެ.

“އޯ މައި ގޯޑް، ކިހިނެއް ހަދައިިގެން ތިއުޅެނީ” ޔޫހާގެ ކޮޓަރި ދޮރުކުރިމައްޗަށް ހުއްޓުނު އަފްލީންއަށް ބުނެވުނެވެ.

“ވެއްޓުނީ، ދެން މިކަހަލަ އެއްޗެހި ވެއްޓުނީމަ ވާނީ މިހެންނެއްނު” ޔޫހާ ޓައިލްސްތައް ސާފުކުރަމުން ބުނެލިއެވެ.

“ކިހިނެއްވީ އަނެއްކާ ކޮންފަދަ ތޫފާނެއް އައި، ކިޔާންގެ އަތް އެހިސާބަށްވެސް ފޯރަންފެށީތަ” އަފްލީން އަހާލިއެވެ.

“އުހޫ، މަގޭއަތުންވެސް ވެއްޓިދާނެއެއްނު، ދެން ދޭ އަވަހަށް ޔޫނީފޯމް ބަދަލުކޮއް ފެންވަރާލައިގެން ކާން ނުކުންނަން، ޑިއުޓީއަށް ދާގަޑިވެސް ޖެހެނީ” ޔޫހާ އެއްކޮއްލި ބިއްލޫރިކޮޅުތައް ނަގަމުން ބުނެލިއެވެ.

“ހެލޯ، ދޮންތާ އަޅުގަނޑޭމީ، ބިޒީ ގަޑިއެއްތޯ” ޒައުލް ލޫލުއަށް ގުޅައިގެން ހުރެ ފޯނުންވާހަކަދެއްކިއެވެ.

“ނޫން، ބިޒީއޭ ބުނާވަރެއްނޫން، ވާހަކަ ދައްކާލެވިދާނެ، އީއްކޮގެ ކަންތަކާ ދޯ ތިގުޅީ، ދޮންތަ ހަވީރުން ތަންކޮޅެއް އަވަހަށް ދެވޭތޯ ބަލާނަމޭ” ލޫލުއާ ބުނެލިއެވެ.

“ނޫން، އަޅުގަނޑުގެ އަމިއްލަ ވާހަކައެއް ދައްކާލަންކަމަށް” ޒައުލް ބުނެލިއެވެ. އޭނަ މިހާރު އެހުރީ ޕާރކްވިއު ހޮޓެލްގެ އޭނައަށް ޚާއްޞަކުރެވިފައިވާ ކޮޓަރީގައެވެ.

“އޯކޭ، އަވަހަށް ބުނޭ” ލޫލުއާ ހައިރާންވިއެއްކަމަކު އެކަން ނުދައްކާވޭތޯ މަސައްކަތް ކުރަމުން ބުނެލިއެވެ.

“ޑީ.އެން.އޭ އާއި ބެހޭގޮތުން އެއްޗެއް އޮޅުން ފިލުވާލަންވެގެން، ދޮންތަ އާއި ބައްދަލުކޮށް މިވާހަކަ ދައްކާލެވޭނެ ގޮތެއް ނުވާނެތަ، އިޓްސް ވެރީ އިމްޕޯޓެންޓް” ޒައުލް ބުނެލިއެވެ. އޭނަ ހުރީ ލޫލުއާ ބުނެފިނަމަ މިހާރުން މިހާރަށްވެސް ބައްދަލުކުރަން ނިންމައިގެންނެވެ. އަދި އެގޮތް ބޭނުންވެސް ވެފައެވެ. އެހެންނަމަވެސް ލޫލުއާ އެދުނީ ގާރޑަންވިއުއަށް ދާގަޑި ކިހިނެއްވާނެތޯއެވެ. އެގޮތް ޒައުލްއަކަށް ކަމަކު ނުދިޔައެވެ.

“ދެން އެހެންވީރު މިރޭގެ ކޮންމެވެސް ވަގުތެއް ކޮއްކޮ އަމިއްލައަށް ހަމަޖައްސަންވީނު، ދެން ދޮންތަ ބަލާއާދޭ، އޭރުން އެކަންވެސް ހައްލުވީނު” ލޫލުއާ ބުނެލިއެވެ.

“އަފޫ، ކިޔާން މިއަދު ލައްވަންވީ ޔުނީފޯމް އިސްތިރިކޮއްފަ ކުރިންވެސް އަޅުވާފަ އިންނަބައިގަ އިންނާނެ، ރުމާކޮޅުވެސް ޖީބަށް ލާފައިންނާނީ، ފެންފުޅިދޮވެފަ އިންނާނެ އައިސްއަލަމާރި ކައިރީ ތިރީކަބަޑުމަތީ ބަހައްޓާފަ، ދެން ދަނީ އެނގޭ، މަގޭދަރި ގޮވައިގެން އަފޫވެސް ބަލައިގެން އުޅޭތި…މިބުނީ ކޮޓަރި އެއޮތީ މަށަށް ސާފުކުރެވުނު އެންމެ ބޮޑަކަށް ސާފުކޮއްފަ އެހެންނަމަވެސް ވަރަށް ބިރުގަނޭ އަދިވެސް ތަޅައިގެން ދިޔަ ބިއްލޫރިކޮޅުތަކުގެ އަސަރު ހުރެދާނެތީ” ޔޫހާ އޭނަގެ ދަބަސް ދެވަނަ ފަހަރަށް ޗެކްކޮއްލަމުން ބުނެލިއެވެ.

“ހާސްނުވޭ، އަހަރެން މިހުރީނު…ދެންދޭ އަވަހަށް ޑިއުޓީއަށް، ގަޑިނުޖެހި ދެވޭނީ އޭރުން” އަފޫ ބުނެލިއެވެ.

ހަވީރުގެ ހިޔާޖެހިލިވަގުތެވެ. ޒައުލްގެ ކުރިއަށްހުރެ އީލާކް ހިނގަމުން ދިޔައީ ވަށައިގެން ނަޒަރު ހިންގަމުންނެވެ. އޭނަގެ ދެލޯ ބޮޑުވެ އަނގަހުޅުވިފައިވެއެވެ. މުޅި މޫނުމައްޗަށް އުޖާލާކަންވެރިވެފައިވަނީ އަޖައިބެއްފެނުމުން ހިނިތުންވެލާ އުސޫލުން އެމޫނަށް ވެރިވެފައިވާ ހިނިތުންވުމެވެ.

“ވާއު، ލޯބިކަން، އައި ލަވް ދިސް ޕްލޭސް، އިޓްސް ޓޯޓަލީ ލައިކްއަ ހެވަން” އީލާކް ފަހަތުގައި ހުރި ޒައުލްއަށް އެނބުރި ބަލާލަމުން ބުނެލިއެވެ.

“އައި ނޯ…” ޒައުލް ހިނިތުންވެލަމުން ބުނެލިއެވެ.

“އަޅެ ދޮންބޭ މިތަނުން މަލެއް ބިނދެލަންތަ، ޕްލީޒް، ދީސް ރޯޒާސް އާރ ސޯ ބިއުޓިފުލް” އީލާކް ގާޑަންވިއުގެ ފެންއަރުވާވަޑާންގެ ވަށައިގެން ހައްދާފައިހުރި ފިނިފެންމަލުގެ ބަގީޗާފެނި ބުނެލިއެވެ. އެހޮޓެލްގެ ނަންކިއިފައިވަނީ އެތަނުގެ ކޮންމެ ދިމާލަކުންވެސް ފެންނަން އޮންނަ އެކިމާމެލާމެލީގެ ޚާއްޞަ ބަގީޗާ އާއި ގުޅުވައިގެންނެވެ. ގިނައީ ފިނިފެންމަލުގެ އެކިކުލަތަކެވެ. ޒައުލް އީލާކް ގޮވައިގެން ގާރޑަންވިއުގެ ލޮބީއަށް ވަނެވެ. އޭރު އަދި އެއްވެސް ފަރުނީޗަރެއް އެތަނުގައި އެތުރިފައިނެތެވެ.

“ވަރަށް ކަމުދޭ، މިތަން ހަމަ ޕާރފެކްޓު، ދޮންބޭ ޔޫ އަރ ގްރޭޓް، އެކޮޅުން މިކޮޅަށް އަންނަ ގޮތަށް ހަދާނީ، އާ ދޮންބެ އަދި ވަރަށް މުހިއްމު އެއްވާހަކަ ބުނަން ހަނދާންނެތުނީއޭ” އީލާކް ލޮބީގެ އެއްފަރާތަށް އިޝާރާތްކޮއްލަމުން ބުނަމުންދިޔަ ވާހަކަ ބަދަލުކޮއްލިއެވެ.

“ކޮންވާހަކައެއް” ޒައުލް އަހާލިއެވެ. އޭނަ އީލާކް އާއި އެކު އުޅުނެއްކަމަކު އޭނަގެ ހިތާ ސިކުނޑިވަނީ އެހެން ދިމާލަކުއެވެ.

“އަޅުގަނޑާއިއެކު ޝޯގައި ނަހޫވެސް ބައިވެރިވާނެ، އަޅުގަނޑުމެން ދެމީހުންގެ ހެނދުންތައް ފެނިގެންދާނެ، ސޯ ޓައިމް ތަންކޮޅެއް ދިގުދެމިގެން ހިނގައިދާނެ” އީލާކް ދެބުމަ ހިއްލާލާފައި ބުނެލިއެވެ.

“އެހެންވީރު ކިހިނެއް ހަދަންވީ” ޒައުލް އަހާލިއެވެ.

“ސެވަންގަ ޝޯ ފަށާގޮތަށް ހަދާނީ، ބްރޯޝަރސްތަކެއްވެސް ބޭނުން ހަދަން، އަޅުގަނޑު ބޭނުން މިޑިޒައިންތައް ޝޯގައި ދައްކާލުމަށްފަހު އާމުންނަށް ލިބެން ހުންނާނެ ގޮތެއްވެސް ހަދަން، އެހެންވީމަ އަޅުގަނޑުގެ އަމިއްލަ ޑްރެސް ބުޓިކްއެއްވެސް ހުޅުވަން ގަސްދުކުރަން، އައިޑިއާ ރަނގަޅުތަ؟” އީލާކް ހީލާފައި އަހާލިއެވެ.

“ނައިސް، އީއްކޮއަށް ވަންޏާ ކުރަންވީ ހަމަ، ބައްޕަ އާއި މާމަ އާއި ތިހިޔާލު ބަދަލުކޮއްލުމުން ކަންނޭގެ ޢަމަލީ ސިފައެއްޖެހޭނެ ފުރުޞަތުބޮޑުވާނީ” ޒައުލްވެސް ހީލާފައި ބުނެލިއެވެ. އެވަގުތު ހާޒިމް އާއިއެކު އެތަނަށް ވަތް ލޫލުއާ އީލާކްއަށް ގޮވާލިއަޑަށް ޒައުލް އާއި އީލާކް އާއި ދެމީހުން އެނބުރި ބަލާލިއެވެ. ޒައުލްއަށް ހާޒިމްގެ ނަޒަރިއްޔާތު ލޫލުއާއިމެދު ތަފާތުވެފައިވާހެން ފުރަތަމަ ފަހަރަށް ހީވެގެން ދިޔައެވެ. އެހެނީ ލޫލުއާގެ އުނަގަނޑުން ނެއްޓިގެން ދިޔަ ހާޒިމްގެ އަތް ޒައުލްއަށް ވަރަށް ރަނގަޅަށް ފެނުނެވެ. ނިތަށް ރޫއެރިއެއްކަމަކު ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިކުރުވިއެވެ.

“ހާދަ ހާސްވެފަ…ކޮންކަމާ، މީހަކު ހޯދަނީތަ” ޔޫހާ އާއިއެކު ރިސެފްޝަނުގައި ޑިއުޓީއަށް އިން ރާއިދާ އަހާލިއެވެ. ޔޫހާ ދެފަރާތަށް ބޯހޫރުވާލީ ނޫނެކޭ ބުނުމަށެވެ. އެހެންނަމަވެސް އޭނަ ހޯދަމުން އެދަނީ ޒައުލްއެވެ.

“ޔޫހާ، ކިހިނެއްތަ” ޔޫހާ އިން ރިސެފްޝަންގެ ކައިރިއަށް ލިފްޓުން ނުކުތް ފައުޒީ ގާތްވެލަމުން ބުނެލިއެވެ. އަދި ރާއިދާއަށް ހިނިތުންވެލިއެވެ. ފައުޒީގެ އަޑުގައިވަނީ ރަޙުމަތްތެރި ގޮތެވެ.

“ގެއަށް ނުދާ ދަވަހަކީތޯ” ރާއިދާ އަހާލިއެވެ.

“ނޫން، ލޮގް ބަލާލަން މިއައީ، އެހެންނޫނަސް އަހަރުން ގެއަށް ނުގޮސް ކީއްކުރާނީ، މިތާކު ނުހުރޭވިއްޔަ ޑިއުޓީ ނިންމާފަ އަހަރުމެން ދާނެ ކޮޓަރިއެއްހާ ހިސާބެއްވެސް، އަހަރުމެންނަށްވެސް އެންމެ މަތީގަ އެހަރަ ކޮޓަރިތަކުން ކޮޓަރިއެއް ހުރިނަމަތާ…” ފައުޒީ މިހެން ބުނެލަމުން އޭނަ ކުރަން އައި ކަންތައް ކޮއްލާފައި ވަރަށް އަވަހަށް ގޮއްސިއެވެ.

ފައުޒީގެ އަނގައިން ނުކުތް ކޮންމެ ލަފްޒެއްހެން ޔޫހާއަށް ހީވީ އޭނަގެ ކަންފަތްދޮށުގައި ބާރުމިނުގައި ގޮވި ބޮމެއްހެންނެވެ. އޭސީގެ ފިނިން ވަށައިގެންވި މާހައުލު ފިނިކޮއްލާފައިވިޔަސް ކުއްލިއަކަށް ޔޫހާގެ ނިތްކުރިން ފެންނަންފެށި ފެންތިކިތަށް އޮއްބާލެވޭވަރެއްނުވިއެވެ.

“ޔޫހާ، ހާދަ ހާސްވެފަ” ފައުޒީ ދިއުމާއިއެކު ގޮނޑީގައި އިށިން ރާއިދާ ބުނެލިއެވެ. ހުއްޓުން އަރާފައި ފައުޒީދިޔަ ދިމާލަށް ބަލަންހުރި ޔޫހާ ރާއިދާއަށް ހިނިތުންވެލެވޭތޯ މަސައްކަތްކުރިއެވެ.

“މީގެ ކުރިން ފައުޒީ އެހާ ރައްޓެހިކޮށް ވާހަކަދައްކާފައެއްނުވޭ، އެހެންވެ ހާސްވީ، ހިތަށްއެރީ ފައުޒީއަށް ޖަވާބުދޭނީ ކިހިނެއްބާއޭ” ޔޫހާ ޓިޝޫއެއް ނިއްކުރީގައި ޖައްސާލަމުން ބުނެލިއެވެ. އަދި ގޮނޑީގައި އިށީނދެ ހަމަޖެހެން މަސައްކަތް ކުރަމުން ރާއިދާއަށް ހިނިތުންވެލިއެވެ.

“ފައުޒީ ވަރަށް ރަނގަޅުވާނެ ސްޓާފުންނަށް، ޚާއްޞަކޮށް އަންހެން ކުދިންނަށް…ހެ ހެ ހެ” ރާއިދާ މިހެން ބުނެލަމުން ހީލީ ސަމާސާ ގޮތަކަށެވެ. އެހެންނަމަވެސް ޔޫހާގެ ހިތަކަށް އަދި ސިކުނޑިއަކަށްވެސް ހަމަޖެހުމެއް ނުލިބުނެވެ. ފައުޒީގެ ވާހަކަތައް ސީދާ އަމާޒުވެފައިވަނީ ޔޫހާއަށެވެ. އެހޮޓެލްގައި ޒައުލްއަށް ޚާއްޞަކުރެވިފައިވާ ކޮޓަރިއަށް ދިޔައީ އޭނައެވެ. އެހެންނަމަވެސް އެތަން ފެނުނު އެކަކުވެސް ނުހެންނާނެކަން ޔޫހާއަށް ޔަގީންވެއެވެ. ދެން ފައުޒީއަށް އެކަން އެނގެންވީ ގޮތެއް ޔޫހާއަކަށް ނުވިސްނުނެވެ. ނޫނީ ފައުޒީ އެދައްކަނީ ރާއިދާގެ ވާހަކަބާއޭ ޔޫހާގެ ހިތަށްއެރިއެވެ.

“ރާއި، ވާހަކައެއް އަހާލަންތަ؟” ޔޫހާ ހާސްވެފައި އިންވަރުން އެއްވެސް ވިސްނުމެއްނެތި ދުލުން ބޭރުކޮއްލެވުނެވެ.

“ހޫމް އަހާބަލަ” ކޮމްޕިއުޓަރަށް ގެއްލިފައި އިން ރާއިދާ ޔޫހާއަށް ބަލާލުމެއްނެތި ބުނެލިއެވެ.

“ފައުޒީ ދަމުން އެދެއްކި ވާހަކަ އާއި ގުޅިގެން، ރާއިގެ ފްރެންޑެއް ހުރީތަ ސުއީޓްސްއެއްގަ…” ޔޫހާ ބުނެލިއެވެ.

“ވަޓް…ނޯވޭ، ފައުޒީ އެހެންބުނީމަ ހީވީ އަހަރުމެންނާ ދިމާލަށް ބުނިއެއްޗެއްހެން ދޯ، ހެ ހެ ހެ…އެތަނުން ކޮޓަރިއެއްގައި އަހަރެންގެ އެއްވެސް މީހަކު ނުހުންނާނެ، އޭނަ ސަމާސާއެއްކޮއްލަން ބުނިއެއްޗެއްކަމަށް އެވާނީ، އަޅާނުލާ” ރާއިދާ ޔޫހާ އާއި ދިމާލަށް ގޮނޑި އަނބުރާލަމުން ބުނެލިއެވެ.

ގާރޑަންވިއުގެ ކަންތައްތައް ނިންމާލާފައި ޒައުލް އީލާކް ގޮވައިގެން ދާން ނުކުތްވަގުތު އެމީހުންނާއިއެކު ލޫލުއާވެސް ނުކުތެވެ. ޒައުލް ލޫލުއާ އަށާއި ތަންކޮޅެއް ފަހަތުން އެކަހެރި ގޮތަކަށް ހިނގާފައި އަންނަ ހާޒިމްއަށް ބަލާލިއެވެ. އަދި އީލާކް އާއި ލޫލުއާއަށް ކުރިއަށް ދިއުމަށް އިޝާރާތްކޮއްލުމާއިއެކު ޒައުލް ހާޒިމްގެ ގާތަށް ޖެހިލިއެވެ.

“ހާޒިމްގެ މަސައްކަތާއި ދޭތެރޭ އަހަރެން މިހިރީ ހިތްހަމަ ޖެހިފަ، އަހަންނަށް ހީވަނީ މިޓާސްކު ހާޒިމް އާއި އަހަރެން ހަވާލުކުރީތީ އެކަމާ ވަރަށް ހިތްހަމަޖެހިފަހެން ތިހުންނަނީ” ޒައުލް ހާޒިމްއަށް ބަލާލަމުން ބުނެލިއެވެ. ލޫލުއާއަށް ހުއްޓިފައިވާ ހާޒިމްގެ ނަޒަރު ކުއްލިއަކަށް ތިރިކޮއްލިއެވެ.

“އަޅުގަނޑަށްވީ ވަރަކުން އެންމެ ފުރިހަމައަށް މިކަންކޮއްދެވޭތޯ މިބަލަނީ، ޒައުލް ބޭނުންވެލައްވާއިރަށް ހުރިހާ ލިޔެކިޔުމެއް ފެންނަން ހުންނާނެ، ކޮންއިރަކުން ތޯ އެލިޔުންތައް ބައްލަވާލައްވާނީ” ހާޒިމްއަށް ޒައުލްގެ ޖުމްލައިން ދެމާނައެއް ނެގުނެއް ކަމަކު އޭނަ ރަސްމީ ސިފައެއްގައި ޖަބާވުދާރީވިއެވެ.

“ވުޑް ޔޫ ޑޫ މީއަ ފޭވަރ، ދޮންތަ ގެއަށް ގެންގޮސްދޭން ހާޒިމްއަށް އުނދަގޫވާނެތަ” ޒައުލް ކަމެއް ޔަގީންކޮއްލަން ބޭނުންވާފަދަ ގޮތަކަށް ބުނެލިއެވެ. ހާޒިމް ހޫންލައްވާލަމުން ބޯޖަހާލިއެވެ.

“އީކް، ވީއަރ ލީވިންގ ޓުގެދަރ، ހާޒިމް ދޮންތަ ގެއަށް ގެންގޮސްދޭނެ، އެންމެ ރަނގަޅެއްނު” ޒައުލްގެ ދެތިންފިޔަވަޅު ކުރީގައި ހިނގަމުންދިޔަ އީލާކް އާއި ލޫލުއާ އާއި އަރާ ހަމަކުރަމުން އޭނަ ބުނެލިއެވެ. ލޫލުއާ ފަހަތަށް ބަލާލަމުން އަވަސް ހިނިތުންވުމެއް ހާޒިމް އާއި ބަދަލުކޮއްލިއެވެ. އެހެންނަމަވެސް އޭނައަށް ހާޒިމްގެ ގާތަށް ދާކަށް ނުކެރުނެވެ.

ދަރިފުޅާއިއެކު ވަގުތު ހޭދަކޮއްލާފައި އެހާ އަވަހަށް މާލެ އަންނަން ޖެހުމުން ޒަރާނާ ހުރީ ހިތްހަމަނުޖެހިފައެވެ. އެހެންނަމަވެސް ދަރިފުޅު އައްޔަދުގެ އުޅުން ބަދަލުވެފައިވާކަންވެސް އޭނައަށް ވަނީ ފާހަގަކުރެވިފައެވެ. މާލެ އައިސް ހަމަޖެހިލެވުމާއިއެކު އެކަން އާފާގު އާއި ޙިއްސާކުރަން ޒަރާނާ ބޭނުންވިއެވެ. އެހެންނަމަވެސް އެކަން ފަސްކޮއްލީ ފަހަރެއްގައި އައްޔަދު މާލެ އައުމުން އޭނަގެ އެހުންނަ ކަމުނުދާ ދިރިއުޅުން ބަދަލުވެދާނެއޭ ހިތާއެވެ.

އައްޔަދުއަކީ މިނިވަން ހިޔާލުތަކެއްގެ ވެރިއެކެވެ. ޒުވާންކަމާއި ލިބިފައިވާ ކަސްރަތީ ހަށިގަނޑުގެ ރީތިކަމާއި ފުރިހަމަ ހައިބަވަންތަކަމުގެ މިސާލެއްކަމުގައި އޭނަވެއެވެ. އަންހެން ކުދިންގެ ހިތްތަކުން ޖާގަހޯދަމުން ދާ އެމީހުންގެ ވާހަކަތަކުގައި އުޅޭފަދަ ބަތަލެއްގެ ހުރިހާ ރީތި ސިފަތަކެއް ޖަމާވެފައިވާ ޒުވާނެއްކަމުގައި އޭނަވެއެވެ. ފެންނަ ކޮންމެ އަންހެން ކުއްޖެއް އޭނައަށް ވިސްނުމަކާއިނުލާ ފިދާވަނީ އެހެންވެކަންނޭގެއެވެ. މޮޅު ލިޔުންތެރިއެއްގެ ގަލަމުން ލިޔެފައިވާ ޖަޒުބާތީ ލޯބީގެ އަސަރުހުރި ފިރިހެނެއްކަމުގައި އޭނަވެއެވެ. ހަންގަނޑުގެ ކުލަ އަލިވެފައި ބޮލުގެ އިސްތަށި ގަނޑުގައި މުށިކުލަ ޖައްސާލާފައިވާއިރު ކޮޕާރ ކުލައިގެ ހައިލެޓްކުރެވިފައި ވެއެވެ. ޔުނިވަރސިޓީގެ އެހެން ކުދިންނާއިއެކު އުޅޭތަން ފެންނައިރު އައްޔަދުއެކޭ އެމީހުންނެކޭ ތަފާތެއްނެތެވެ. އެމީހުންގެ އާއިލާއަކުން އައިސްފައިވާ ޒުވާނެއްކަމުގައި އައްޔަދު ދައްކައެވެ. އޭނަގެ ވާހަކަދެއްކުމުގައި މުޅިންހެން ބޭނުންކުރަނީ ސާފު ރީތި އިނގިރޭސި ބަހެވެ. ހެދުން އެޅުމުގެ ވައްޓަފާޅިވެސް ހުރީ އެމީހުންގެ ތަހުޒީބީ ގޮތްގަނޑަށެވެ.

ޒާރާނާއަށް އޭނަގެ ދަރިފުޅު ކަމުނުދިޔަ ސަބަބަކަށް މިހުރިހާ ކަމެއްވިއެވެ. އަމިއްލަ ދަރިފުޅު އަތުން ބީވެގެން ދާކަމުގެ އިޙްސާސްއެއް އޭނައަށް ކުރެވެނީއެވެ. ޒަމާންވީ ކާބަފައިންގެ އާދަކާދަތައްމަތިން ދަރިފުޅު ހަނދާންނެތި، އަހަރުމެންގެ ތެރޭގައި ގެންގުޅޭ ރީތި އާދަތަކާއި އިޙްތިރާމާއި ބޮޑެތިމީހުންނަށް ކުރާގަދަރާއި މިފަދަ ކަންތައްތައް އޮޅިދާކަށް އޭނަ ބޭނުމެއްނުވެއެވެ. އެހެންނަމަވެސް ދަރިފުޅަށް މަތީ ތައުލީމު ހާޞިލްކޮއްދޭން އޭނަ ބޭނުންވެއެވެ. އައްޔަދު އެހާ ދުުރުގައި ހުރުމަށް ހުއްދަދެވުނީވެސް އެހެންވެއެވެ. އައްޔަދު އާއި އަންހެން ކުދިންނާއި ހުރިގުޅުންވެސް ޒަރާނާއަށް ފެނިގެންދިޔައެވެ. އެހެންނަމަވެސް އޭނަގެ ޅީދަރިއެއްގެ ގޮތުގައި އެތަނުން ރަންއިސްތަށިގަނޑުލީ ދޮންކުއްޖަކު ބޭނުމެއްނުވެއެވެ. އާފާގު ދަރިފުޅުގެ އެއްވެސް ކަމަކަށް އެއްޗެއް ނުބުނަނީ ފަހުން ރަނގަޅުވާނެއޭ ބުނަމުންނެވެ. އެހެންވެ ޒަރާނާގެ ދުލުގައިވެސްވަނީ ތަޅެއްލެވިފައެވެ.

“ތަޅުލީތަ؟ އަޅެ ދޮންތާ ހުޅުވަބަަލަ…އައިޑިއާއެއް ބޭނުންވެގެންނޭ” އީލާކް ލޫލުއާގެ ދޮރުގެތަޅުގައި ހިފާލާފައި ތަންކޮޅެއް ބާރަށް ބުނެލިއެވެ.

ފެންވަރައިގެން ނުކުތް ލޫލުއާ އިސްތަށިގަނޑު ހިއްކާލަމުން ކުޑަކޮށް ދުވެލާފައި ގޮސް ދޮރުހުޅުވިއެވެ. އަދި އީލާކް ވަނުމުން އަނެއްކާވެސް ދޮރުލައްޕާލިއެވެ. އީލާކްގެ އަތުގައި އޭރު ފަހާނިމިފައި އޮތް ހެދުމެއްއޮތެވެ.

“ފެންވެރީތަ؟ މިގަޑީގަ…އަނެއްކާ ދޮންތަ ޑޭޓަކަށް ދާން އޮތީތަ” އީލާކް އޭނަ އައިކަންތަކަށްވުރެ ލޫލުއާގެ ހަރަކާތްތަކަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ.

“ޔެސް” ރީތިވާ މޭޒުކައިރީ އިށިންނަމުން ލޫލުއާވެސް ތުއިވެލާފައި ބުނެލިއެވެ.

“ސީރިއަސްލީ…ކާކު…ޔޫ ގޮޓްއަ ބޮއީ ފުރެންޑް…ވެން” އީލާކް ހައިރާންކަމާއިއެކު އެއްފަހަރާ އެތަށް ސުވާލެއް ކޮއްލިއެވެ.

“ހެ ހެ ހެ…އެ ހެންޑްސަމް ޕްރިންސްއަކީ މަންސޫރު ފެމިލީގެ ފިރިހެން ދަރި، ޒައުލް” ލޫލުއާ ހީލާފައި ބުނެލިއެވެ.

“ހޫން…ދޮންބެ، ކީއްވެ އަޅުގަނޑު ގޮވައިގެން ނުގޮސް ދޮންތަ ގެންދަންވީ” އީލާކް ޝަކުވާ ކޮއްލިއެވެ.

“ސާބަސް، ޑިއުޓީ ނިމުނުގޮތަށް ދިޔައީ ގާރޑަންވިއުއަށް، ދޮންބެ ކަމެއް ޑިސްކަސްކޮއްލަން ބޭނުންވެގެން މިދަނީ، އެހެންވެ ފްރެޝްވެލީ، އީއްކޮ އައިކަމެއް ބުނެބަލަ، އިރުކޮޅަކުން ދޮންބެ ގުޅާނެ” ލޫލުއާ ބުނެލިއެވެ.

“މި ހެދުމާއި އެކު މިސްކާފް އަޅަންކަމަށް، ދެން މިގޮތަށް މިތަނުގަ ބޮޑު ބްރޫޗްއެއް ޖަހަންކަމަށް” އީލާކް އޭނަގެ ހެދުން ފަރުމާކުރާނެގޮތް ދައްކާލަމުން ބުނެލިއެވެ. އެގޮތް ކަމުދޭތޯ ލޫލުއާ ކައިރިން އަހަމުންނެވެ.

ރޭގަނޑުގެ ކެއުން ޒައުލް އާއި ލޫލުއާ ކާންނިންމީ ބޭރުންނެވެ. ރެސްޓޯރެންޓެއްގެ މޭޒުގެ ކައިރީ އެދެބެން ތިބިއިރު ދައްކަން އައިވާހަކަ ފެށުނީ ކާއެއްޗެހި ގެނައިވެސް ފަހުންނެވެ. ޒައުލް ޑީއެންއޭ ޓެސްޓު ހެދުމާއި ގުޅޭގޮތުން ލޫލުއާއި ވަރަށް ގިނަ ސުވާލުތައް ކުރިއެވެ. ލޫލުއާ އެސުވާލުތަކަށް ޖަވާބުދެމުންދިޔައީ ޒައުލްގެ ހިތްހަމަޖެހެންދެންނެވެ. އޭނަ އެވާހަކަ ހުއްޓާލުމުން ލޫލުއާ ސުވާލު ކުރިއެވެ.

“ކާކުގެ ޑީއެންއޭ ޓެސްޓެއް ހަދަންތަ ތިހާވަރަށް ތިސުވާލު ކުރަނީ” ލޫލުއާ ބުނެލިއެވެ.

“ރައްޓެއްސެއް” ޒައުލްގެ ޖަވާބު ކުރެވެ. އެދެމެދަށް ވެރިވި ހިމޭންކަމާއިއެކު ދެމީހުން ކެއުން ކުރިއަށް ގެންދިޔައެވެ.

“ކޮއްކޮ ގާތު ވާހަކައެއް އަހާލަންތަ” އެންމެފަހުން ނީދެވިގެން ކަހަލަ ގޮތަކަށް ލޫލުއާ ބުނެލިއެވެ.

“ޔެސް، ބުނެބަލަ” ޒައުލް ލޫލުއާއަށް ބަލާލަމުން ބުނެލިއެވެ.

“ހާޒިމް…އޭނަ ރަނގަޅުތަ” ލޫލުއާ ނޫންގޮތަކަށް ބުނެލިއެވެ.

“ހޫމް، ގޯހެއްނޫން…ހާޒިމް ކިހިނެއްވީ، ދޮންތަ އޭނަގެ ވާހަކަ ދައްކާވަރުގެ ކަމެއް އޭނަ ކުރީތަ” ލާނެއްގޮތަކަށް ނުހޭން އިނދެ ޒައުލް ބުނެލިއެވެ.

“އެހެނެއްނޫން، ދެން…” ލޫލުއާއަށް ހާޒިމް އާއި އޭނަގެ ގުޅުމުގެ ވާހަކަ ދައްކާނެ ގޮތެއް ނުވިސްނުނެވެ. އެހެންވެ ހުއްޓާލީއެވެ.

“އަޅުގަނޑަށް ކަމުދޭ” ލޫލުއާގެ ފަރާތުން އެއްވެސް ޖަވާބެއް ނައުމުން ޒައުލް ބުނެލިއެވެ.

“ހާން…” ކީއެއްޗެއް އޮޅުން ނުފިލުމުން ބުނެލާފަދަ ގޮތަކަށް ލޫލުއާ ބުނެލިއެވެ.

“އަޅުގަނޑަށް ހާޒިމް ކަމުދޭ، ދޮންތައަށް ކަމުދާކަންވެސް އެނގޭ، އެހެންމީހުންނަށްވެސް ހާޒިމް ކަމުދާނެ، ދިރިއުޅުމެއް ފަށަން ހާޒިމްއަކީ ރަނގަޅު ހަރުދަނާ މީހެއް، ހީވާ ގޮތުން އޭނަވެސްވަނީ ވަރަށް މަތީ ދަރަޖައެއްގައި ދޮންތަ ބަލައިގަނެފަ” ޒައުލް އިސްޖަހާލައިގެން އިނދެ އުލާ ސަމްސަލުން ތަށީގައި އޮތް މަސްކޮޅު ފަޅިކުރަމުން ބުނެލިއެވެ.

“ޔޫ މީން އިޓް” ލޫލުއާ ޒައުލްއަށް ބަލަންއިނދެ އަހާލިއެވެ.

“ހޫމް…” ޒައުލް ލޫލުއާ އަށް ބަލާލާފައި ބޯޖަހާލަމުން ބުނެލިއެވެ. އުފަލުންގޮސް ހިނައައިލެއް ބޮޑުކަމުން ލޫލުއާ އޭނަގެ އަނގަމަތީ އަތްއަޅާނިވާކޮއްލިއެވެ. އޭނަ ޒައުލްގެ ގާތުން އެދުނީ އެވާހަކަ މާމަ ލާއިގާ އާއި ހަމައަށް ގެންގޮސްދިނުމަށެވެ.

ރޭގަނޑު ބާރަޖަހާކަން ހާއިރު ޑިއުޓީ ނިމުނު ޔޫހާ ބަލާ އައިސް އިން ޝާއިން ފެނުމުން އޭނައަށް ސިހުމެއް ލިބުނެވެ.

“ޝާއިން، އަހަރެން ބުނީމެއްނު އެކަނި ގޮސްފާނަމޭ” ޔޫހާ ޝާއިންއަށް ބުނެލިއެވެ.

“އެނގޭ އެކަންވެސް، އެހެންވިޔަސް މީނީ އައިހެއްނު، ދެން އަރާ ސައިކަލަށް” ޝާއިން ސައިކަލު ސްޓާރޓްކޮއްލަމުން ބުނެލިއެވެ. ޔޫހާ އިތުރު އެއްޗެއް ނުބުނެ ގޮސް ޝާއިންގެ ސައިކަލު ފަހަތަށް އަރާ ހަމަޖެހިލިއެވެ. ޝާއިން ސައިކަލު ދުއްވަމުން ދިޔައިރު ޔޫހާގެ ސިކުނޑީގައި އެތަށް ސުވާލެއް ބުރުޖަހަމުންދިޔައެވެ. ފައުޒީ ދެއްކި ވާހަކަ އާއި އަނެއްކޮޅުން ބަލާއައުމަށް ދެކޮޅުހެދީމަވެސް ޝާއިން އޭނަ ބަލާއައުމުންނެވެ. ޝާއިންގެ މޫނުމަތިންވެސް އަދި ޔޫހާ އާއި ވާހަކަ ދެއްކި ގޮތުންވެސް އޭނައިނީ ރުޅިއައިސް ހިތްހަމަ ނުޖެހިފަހެނެއް ހިއެއްނުވެއެވެ. އެހެންވިޔަސް އެއްވެސް އެއްޗެއް ބުނާކަށް ޔޫހާ ގަސްދެއް ނުކުރިއެވެ.

“ޔޫހާ، އަހަންނަކަށް ނުވިސްނު އެއްގޮތަކަށްވެސް” ޝާއިން ވާހަކަދައްކަން ފެށިއެވެ.

“ކޮންކަމެއް؟ އަނެއްކާ ކިހިނެއްވީ، ކަމެއް ގޯސްވީތަ” ޔޫހާއަށް ޝާއިން ބުނިއެއްޗެއް ދޭހައެއްނުވިއެވެ.

“ހޫމް، ގޯސްވެއްޖެ، ކީއްވެތަ ޔޫހާ އަހަރެންކައިރީ ވާހަކަ ބުނަން ފަސްޖެހެނީ” ޝާއިން ބުނެލިއެވެ.

“ކޮންވާހަކައެއްތަ” ޔޫހާ ސީރިއަސްވެލާފައި އަހާލިއެވެ.

“ދެން ކިޔާން އެދައްކަނީ ކޮންވާހަކައެއް، ކާކު ގެއަށް އައި ވާހަކައެއް އެދައްކަނީ، އަދިވެސް ގޭތެރެއިން ސެންޓުގެ ވަސް ނުފިލާ…ވެގެން އުޅޭގޮތެއް ނިކަން އަހަންނަށްވެސް ކިޔާދީބަލަ، އަހަންނަށް މިހާރު ވަރަށް ޔަގީންވޭ އެބަ ޔޫހާއަށް ކޮންމެވެސް ކަމަކާ ދިމާވާކަން، ނޫނީ ކޮންމެވެސް މީހަކު ޔޫހާއަށް އުނދަގޫ ކުރަނީތަ؟ ކާކުތަ އެއީ…ކިޔާދީބަލަ” ޝާއިން ކަންބޮޑުވުމާއިއެކު ބުނެލިއެވެ.

“ކިޔާން ކީކޭތަކީ؟” ކުޑަހިނދުކޮޅަކަށް ހިމޭންވުމަށްފަހު ޔޫހާ ބުނެލިއެވެ.

“ހަޑިކޮށް އުޅުނު ބޭބެއެއް އައީއޯ، މަންމިއަށް ތަދުކޮއްލަން އުޅުނިއްޔޯ…އަދި ނުވިތާކަށް ކޮޓަރީގަ ހުރި އެއްޗެހި ހަލާކުކުރި ވާހަކަވެސް، އެއުމުރުގެ ކުއްޖަކު ހަމަ ހުރެފަ މިފަދަ ވާހަކައެއް ނުދައްކާނެ ދޯ، އަހަންނަށް ޔަގީން އެސޮރަށް ކޮންމެވެސް މަންޒަރުތަކެއް ފެނިގެންކަން އެހެންބުނާނީ” މިހެން ބުނެލި ޝާއިންގެ އަޑުގައިވާ ހިތްހަމަނުޖެހުން ޔޫހާއަށް އިޙްސާސް ކުރެވުނެވެ.

“ޝާއިން ކައިރީތަ އެހެންބުނީ” ޔޫހާ މިހެން އަހާލީ މަޑުމައިތިރި ކަމާއިއެކުއެވެ.

“ދެން އެހެން ކާކު ކައިރީ، އޭނަ ދެކޭގޮތުގަ އަހަރެންނޫނީ އޭނަގެ މަންމަ ސަލާމަތްކޮއްދެވޭނެވަރުގެ މީހަކުނެއް، ގޭގަ އިތުރު ފިރިހެނަކު އުޅެނީކީ ނޫން، ކިޔާން އަހަންނަށް ބައްޕަ ނުކިޔަސް އަހަންނަށް އެނގޭ އެސޮރު ހިމާޔަތަކަށް އެދި ބަލާނީ އަހަންނަށްކަން، އޭނަގެ މަންމައަށްވެސް ހިމާޔަތްދެވޭނީ އަހަންނަށްކަން….އޭނަ ހުރީ ބިރުވެސް ގަނެފަ، ކިޔާން އަހަރެން ކައިރީ އަހަނީ އެއީ ކޮއްކޮ ނުކައި ދުވާތީވެ އައި ބޭބެއެއްހޯ، ދެން މަންމިގެ ބަސްއަހާނަމޯ…..ޔޫހާ ވިސްނާލަބަލަ، އެކުއްޖާއަށް ތިހިނގި ކަމެއްގެ ސަބަބުން ކުރި އަސަރު….ބުނެބަލަ އެއީ ކާކުތަ، ކީއްވެ އަހަރެންގެ ގެއަކަށް އޭނަ ވަންނަން ޖެހުނީ، ޔޫހާ ބުނެގެންތަ އޭނަ އައީ” ޝާއިން ބުނެލިއެވެ. އޭނަގެ ވާހަކަތަކުން ވެގެންއުޅޭގޮތެއް ހޯދުމަށް ކިހާ ކެތްތެރިކަން ކުޑަވެފައިކަންވަނީ ޔޫހާއަށް އެނގުނެވެ. އެހެންނަމަވެސް އެއްޗެއް ބުނަން އަނގަހުޅުވާލާފަވެސް ތިރީތުންފަތުގައި ދަތްއަޅާލަމުން ޔޫހާ ހިމޭންވިއެވެ. ގެއާއި ހަމައަށް އާދެވެންދެންވެސް ޔޫހާ ބަހެއްބުނެނުލާ ހިމޭނުން އިނީއެވެ. ޝާއިން ސުވާލުކުރުން ހުއްޓާލީ ޔޫހާ އަނގައިން ނުބުނާނެކަން ޔަގީންވުމުންނެވެ.

ގޭދޮރުމަތީ މަގުގެ އަނެއްފަރާތުގައި ސައިކަލު މަޑުކޮއްލުމާއިއެކު ޔޫހާ ފައިބައިފިއެވެ. ޝާއިން ސައިކަލު ޕާކުކޮއްލާފައި ހުންގާނު ތަޅުލުމާއިއެކު ހިނގައިގަތީ ގެއަށްވަނުމަށެވެ. އޭނަ އާއިއެކު ޔޫހާވެސް މަޑުހިނގުމެއްގައި ހިނގައިގަނެފިއެވެ. އަފްލީން އާއި ކިޔާން އެކަނި ގޭގައިވުމުން ޝާއިން ދިޔައީ ގޭގެ ދޮރާށި ތަޅުލާފައެވެ. އެހެންވެ ޔޫހާ ގޮވައިގެން ގެއަށްވަނުމަށް ބޭރުދޮރާށީގެ ތަޅުހުޅުވަން ޖެހުނެވެ.

“ޝާއިން…” ސިޓިން ރޫމު ދޮރުތަޅުލާފައި ކޮޓަރިއަށްވަންނަން ހިނގައިގަތް ޝާއިންއަށް ޔޫހާ ގޮވާލިއެވެ.

“އަހަންނަކަށް ނޭގެ ޔޫހާއަށް ވާހަކަދައްކަންވި ގޮތެއް” ޝާއިން އެނބުރި ސޯފާކައިރީގައި ހުއްޓިލައިގެން ހުރި ޔޫހާއަށް ބުނެލިއެވެ. ބުނެލިގޮތުން އޭނަގެ ހިތްހަމަނުޖެހުން އޭރުވެސް ފިލައިގެން ނުދާކަން އެނގުނެވެ.

“މިވާހަކަ ކިޔާދޭނެ ގޮތެއް އަހަންނަކަށް ނުވިސްނުނު، އަހަރެން ހިއެއްނުކުރަން މިހާވަރުވާނެއެކޭ، އޭނަ މިގެއަށް އަންނާނެއެކޭ” ޔޫހާ މަޑުމަޑުން ބުނެލިއެވެ.

“އެއީ ކާކުތަ، ޔޫހާ ރިލޭޝަންއެއް ފެށީތަ؟” ޝާއިން ސުވާލުގެ ނަޒަރަކުން އަހާލިއެވެ.

“ނޫން ނޫން، އެފަދަ ކަމަކާ އަހަރެން އަދި ނުވިސްނަން….ސޮރީ ޝާއިން، އަހަންނަށް މާފުކުރޭ، އަހަންނަށް އެނގިގެންނެއްނޫން އޭނަ މިގެއަށްވަނީ، އަހަރެން އެފަދަ މީހަކު ގެއަށް ވައްދާނެއޭ ހީވަނީތަ، ޝާއިންއަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެންގެ ދަރިފުޅަކީ އަހަރެންގެ ހުރިހާ އެއްޗެއްކަން، އަދި އަހަރެންގެ މުޅި ދިރިއުޅުންވެސްމެ….މިވާހަކަ ދައްކާނީ ކިހިނެއްކަން ނޭގިގެން މިއުޅެނީ…އެހިތިމާޒީ އާއި ގުޅިފައިވާކަން ހުރިހާވެސް މައްސަލައަކީ، ޒަހަމްތައް ފަސޭހަކުރުމަށް އެޅި މަލަންގަނޑު ނައްޓާލީ ޒަހަމްކޮއްލި ރަހުމުކުޑައަތުންކަމަށްވީތީ” ޔޫހާގެ މޭގައި ރިހުމެއް އުފެދިގެން ދިޔަހެން އިޙްސާސްކުރެވުނެވެ. އެއާއިއެކު ޖޯޑުކޮއްލި ދެއަތްގެނެސް މޭގައި ޖައްސާބާރުކޮއްލެވުނެވެ.

“ކީކޭ….” ޝާއިންއަށް ލިބުނު ހައިރާންކަމާއިއެކު ބުނެލިއެވެ.

“ޝާއިން، އަހަރެންނަށް ހަދާނެގޮތް ހުސްވެއްޖެ، ކިހާ ދުވަހަކު މިކަމަކާ ކުރިމަތި ލާންޖެހޭނެބާއޭ ހިތަށް އަރާ” ޔޫހާ އިސްޖަހާލަމުން ބުނެލިއެވެ.

“ޔޫހާ….އޭނަ….އޭނަ އައީތަ، ނިކަން ސާފުކޮއް ކިޔާދީބަލަ” ޝާއިން ޔޫހާގެ ކޮނޑުގައި ހިފާ ތަޅުވާލަމުން ބުނެލީ ހާސްވެފައިހުރެއެވެ.

“އާން، އޭނަ އައީ، މިހާރު އަހަންނާ ދިމާވިތާ ފުދޭވަރަކަށް ދުވަސްވެއްޖެ، އަހަރެންގެ މޮޔަކަމުން ބުނެވުނީ ކިޔާން އެއީ އޭނަގެ ދަރިއެކޭ….ޝާއިން، އޭނައަކީ އާދައިގެ މީހެއްނޫން، އަހަންނަށް ބޮޑު އޮޅުވާލުމަކުންވަނީ އޮޅުވާލާފަ…..އަހަރެން ކިހާ ލޯބިވީން އޭނަދެކެ، އެކަނިމާ އެކަނިވިޔަސް މިދަރިފުޅު މިދުނިޔެއަށް އުފަންކުރަން ނިންމިއިރުވެސް މިހާރު ހިތުގަމިއަޅާފަދަ ވޭނެއް ނާޅާ، އެހާ ހިތްވަރުވެސް ހުރި، އެކަމަކު އޭނަ އަހަރެން ބަލިކަށި އަންހެނަކަށް ހަދައިލައިފި…ކީއްވެތަ އަލުން ދިމާވާންވީ” ޔޫހާ ހިފަހައްޓަން މަސައްކަތްކުރިއަސް އެދެލޮލުން ކަރުނައިގެ އަސަރުފާޅުވެގެންދިޔައެވެ.

“ޔޫހާ…ޔޫހާ…އާދޭ މިތާ އިށިންނަން” ޔޫހާއަށް ރޮވެންފެށުމުން ޝާއިން އޭނަ ގެެނެސް ސޯފައިގައި ބޭންދިއެވެ.

“އޭނަ މިހާރު އެ އުޅެނީ ކޮންކަމެއް ބޭނުންވެގެންތަ، ޔޫހާ އާއި ގުޅެން ބޭނުންވަނީތަ” ޝާއިން ޔޫހާގެ ދެއަތުގައި ހިފާލައިގެން އިނދެ ވާހަކަދެއްކިއެވެ. އެވަގުތު ޔޫހާގެ ކޮޓަރި ދޮރުހުޅުވާލާފައި އަފްލީން ނުކުތެވެ. ސިޓިން ރޫމުގެ ފަނޑުއަލިކަމުގެ ތެރޭ ޔޫހާ އާއި ޝާއިން އިންގޮތުން އޭނަ ހައިރާންވިއެވެ. އެހެންވިޔަސް ޔޫހާ ނޭފަތް ދަމާލަމުން އަވަސް އަވަހަށް ލޯފޮހެލި މަންޒަރު ފެނުމާއިއެކު އޭނަގެ ޝައްކު ފިލައިގެން ހިނގައްޖެއެވެ.

“އަފޫ، ކިހިނެއްވީ؟” ޝާއިން އަވަސް އަވަހަށް އަހާލިއެވެ.

“ކަމެއްނުވޭ، ޔޫހާ އައިތޯ ބަލާލަން މިނުކުތީ…އޯކޭ، ޔޫހާ ނިދަންވަދެފަ އަހަންނަށް ގޮވާލާ އެނގޭ” އަފްލީން ބުނެލިއެވެ. ޔޫހާ ރޯންވީ ކީއްވެބާއޭ އޭނަގެ ހިތަށްއެރިނަމަވެސް ޝާއިން ޔޫހާގެ ގާތުގައި އިނުމުން އެކަމުގެ ތެރެއަށް ނުވަނުންކަން އެންމެ ރަނގަޅުވާނީ އަފްލީންގެ ހިތްބުންޏެވެ. އެހެންވެ އަފްލީން އެނބުރި ޔޫހާގެ ކޮޓަރިއަށްވަދެ ދޮރުލައްޕައިފިއެވެ.

“އޭނަ ބޭނުންވެގެން އުޅޭ ކަމެއް އަހަންނަށްވެސް ނޭގެ، ޝާއިން، އިތުރަށް މިވާހަކަ ދައްކާކަށް އަހަރެން ބޭނުމެއްނޫން….އަފޫވެސް އެނިކުތީ، އޭނަ ފަހުން ސުވާލު ކުރާނެ، މިހުރިހާ ކަމެއް އޭނައަށް އެނގޭކަށް އަހަރެން ބޭނުމެއްނޫން، ޕްލީޒް” ޔޫހާ ޝާއިންއަށް ބަލާލަމުން ބުނެލިއެވެ.

“އަދިއަދަށްވެސް އެއީ ކޮންނަމެއް ކިޔާ ކާކުކަންވެސް ޔޫހާ އަހަރެން ގާތު ނުބުނޭ، މުޅިންވެސް ބުނަނީ ކިޔާންގެ ބައްޕައޭ…އޭނަގެ ނަން ތިދުލުން ކިޔާލިއަޑެއް ނާހަން، ކިތަންމެ އެނގެން ބޭނުންވިޔަސް ޔޫހާއަށް މަޖުބޫރުކުރުމެއްނެއް، ދެން ދޭ ނިދާލަން، އެކަމަކު ބުނަން، އޭނަ އެގޮތަށް އައިސް މިގެއަށް ވަންނަންޏާ އަހަންނަށްވެސް ބަލާކަށް ނުހުރެވޭނެ…ތިދެމައިންނަކީވެސް އަހަރެންގެ އާއިލާ ކަމުގައި އަހަރެން ދެކެނީ، އެހެންވެ މިހެން މިބުނީ” ޝާއިން ކަކުލުގައި ދެއަތް އަޅުވާލަމުން ކުޑަކޮށް ގުދުވެލައިގެން އިނދެ ބުނެލިއެވެ.

ނިންޖަކީ މިހާރު ޒައުލްގެ ލޮލާ ދުރުއެއްޗެއް ކަމުގައިވަނީ ވެފައެވެ. ފަހަކަށް އައިސް ކޮންމެ ރެއަކުހެން އޭނަ އުޅެންޖެހެނީ ނިދިނައިސްގެންނެވެ. ކުރެވޭ ފިކުރަކީ ޔޫހާ އާއި ކިޔާންގެ ފިކުރެވެ. ޔޫހާމެން ގޭތެރޭގައި ހިނގާދިޔަ ކަންތައްގަނޑެވެ.

“އެއީ ހެދުނު ގޯހެއް….އެގޮތަށް ޔޫހާގެ އެއްޗިއްސަށް ގެއްލުން ދޭކަށް ނުވާނެ، އަހަރެން ބޭނުންވި ގޮތެއް ނޫން އެއީ، ކިޔާން….ކިޔާން އެއީ އަހަރެންގެ ދަރިއެއް، ޔޫހާ އެވަރުން އަހަރެންނާއި ކިޔާން ދުރުކުރަން އެއުޅެނީ އެހެންވެ…އެހެންވިޔަސް އަހަރެން ޓެސްޓު ހަދާނަން، އަހަރެންގެ ދަރިފުޅު އަހަންނަށް ނަފުރަތު ކުރާކަށް ބޭނުމެއްނޫން…ދެން ހަދާނީ ކިހިނެއް، ޔޫހާ…” ޒައުލް އެނދުން ތެދުވެ ބޯހޫރާލަމުން ބުނެލިއެވެ. އޭނަ ކޮޓަރި ތެރޭ ދެކޮޅަށް ހިނގަންފެށިއެވެ. ދޭތެރެއަކުން ހާސްކަން އިތުރުވާއިރަށް ބޮލުގައި އަތްހާކާލާނެއެވެ. ނޫނީ ދަތްދޮޅީގައި އަތްހާކާލާނެއެވެ. އިރުގަނޑަކު މިހާލުގައި އުޅުމަށްފަހު އެނދުގައި އިށީނދެއްޖެއެވެ. އަދި އެނދުގެ އެއްފަރާތުގައި ހުރި ކުޑަމޭޒުގެ މަތީ ހުރި ބިއްލޫރި ފެންޖަގުން ދެތިން ފެންތަށި ބޯލުމަށްފަހު ލޯމަރާލިއެވެ.

“އެނގިއްޖެ….” ޒައުލް ކުޑަކޮށް ހިނިތުންވެލަމުން ބުނެލިއެވެ. އަދި ލިބުނު ހިތްހަމަޖެހުމާއިއެކު އެނދުގައި ދެއަތްފުޅާކޮއްލާފައި އުއްޑުން އޮށޯވެއްޖެއެވެ. އެހެންވިޔަސް އޭނަގެ ހިތާ ސިކުނޑިއާއި ޔޫހާގެ ހިޔާލުތަކެއް ދުރެއްނުވެއެވެ.

ޖެހިގެން އައިދުވަހެވެ. ޔޫހާ ހަމަ ތެޅިފޮޅެނީއެވެ. ލަހުން ހޭލެވުނީތީ ޝާއިން އޮފީހަށް ދާންވާއިރަށް ސައިނުހެދިގެންނެވެ. ޕާނެއްހާ ހިސާބުވެސް އެވަގުތު ގޭގައި ނެތުމުން އަވަހަށް ގޭމަގުގައި ހުރި ފިހާރަށް ދިޔައީ ޕާނެއް ހޯދާށެވެ. އެގަނެގެން ގެއަށް އައިސް ވަތްއިރު ޝާއިން ސިޓިން ރޫމުން އޮފީހަށްދާން ނުކުންނަނީއެވެ.

“އަޅޭ، ސޮރީ…މާ ލަސްވީ، މިއަދު ސައިވެސް ނުލިބުނު ދޯ” ޔޫހާ ޝާއިން ނުކުތުމަށް ތަންދައްކަމުން ބުނެލިއެވެ.

“ރަނގަޅުވާނެ، އަހަރެން އެކޮޅުން ސައިބޯލަ ފާނަން….” މިހެން ބުނެ ޝާއިން ނުކުމެގެން ހިނގައްޖެއެވެ.

މަންސޫރު އާއިލާގެ ދުވަސް ފެށުނީ އެހެން ދުވަސް ތަކެކޭވެސް އެއްގޮތަށެވެ. ކޮންމެ ކަމެއްވެސް ގަޑިން ގަޑިއަށް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ކުރިއަށް ދިޔައެވެ. ޒައުލް ޕާރކްވިއުއަށް ދިޔައީ ދިހައެއް ޖަހާލާކަން ހާއިރުއެވެ. އޭނަގެ ކެބިންއަށް ނުވަދެވެނިސް ފައުޒީ ފައިލެއް ހިފައިގެން އޭނަގެ ގާތަށް އަތުވެއްޖެއެވެ.

“މީ ކޮންފައިލެއް” ޒައުލް ފައުޒީ ދިއްކޮއްލި ފައިލުގައި ހިފަމުން ބުނެލިއެވެ. އަދި ކެބިންގެ ތެރެއަށް ވަދެ އޭނަގެ މޭޒުގެ ކައިރީ އިށީނުމަށް ދިޔައެވެ.

“ފަރުވާކުޑަ މުވައްޒަފުންގެ ރެކޯރޑްސްތައް” ފައުޒީ ބުނެލިއެވެ.

“އޯކޭ، ފަހުން އަހަރެން ބަލާލާފަ އަންގާނަން ވަކިގޮތެއް، އެންމެ ރަނގަޅު ދެންދިޔަޔަސް” ޒައުލް ފައިލްގެ އެތެރެއަށް އަވަސް ނަޒަރެއް ދީފައިބުނެލިއެވެ. ފައުޒީ އަދަބުވެރި ކަމާއިއެކު ނުކުމެގެން ދިޔައެވެ. ޒައުލް ގޮނޑީގައި ހަމަޖެހިލުމަށްފަހު އޭނަ ވިސްނަންފެށިއެވެ. ރޭގައި އޭނަ ރޭވި ކަންތައްތައް ކުރިއަށް ގެންދާނެ ގޮތަކާއިމެދުއެވެ. އޭނަ ޔޫހާގެ ޑިއުޓީ އޮތް ގަޑިއެއް ޔަގީން ކުރިއެވެ.

“ޖަމާލް، ކާރު ރެޑީކޮއްލާ، އަހަރެން މި ފައިބަނީ” ޒައުލް އޮފީހަށް އައީ ދެންމެ ކަމުގައިވިޔަސް އޭނަ ޖަމާލްއަށް ފޯނުން ގުޅާލުމަށްފަހު އޭނަގެ ކެބިންއިން ނުކުތެވެ.

ކާރުގައި ޖަމާލްއާއިއެކު ޒައުލް ނުކުތީ ދުވަހަކުވެސް މީގެ ކުރިން ނުކުރާފަދަ އާތަޖުރިބާތަކެއް ކުރުމަށެވެ. މާވިއްކާ ފިހާރައަކަށް އޭނަ ވަނުމަށްފަހު އަމިއްލަށް ހިޔާލާ އެއްގޮތަށް ބޮޑު މާބޮޑިއެއް ތައްޔާރުކުރިއެވެ. މާބޮޑިބޮޑުކަމުން އެތައްޔާރުކޮއްދިން ކުއްޖާވެސް ހުރީ އަޖައިބުވެ އަންތަރީސްވެފައެވެ. ދެންއޭނަގެ މަންޒިލަކަށްވީ ސެންޓުގެ ދުނިޔެއެވެ. އެތަނުގައި ތިބި ކުދިންގެ އެހީގައި އޭނަގެ ހިތްހަމަޖެހޭ ވަރަށް ވިޔަފާރިކުރިއެވެ. އޭގެ އިތުރުންވެސް ތަފާތު ވިޔަފާރިކުރުމުގައި އޭނަ ވަގުތު ހޭދަކުރިއެވެ. އެހެންދުވަސް ދުވަހާއި ހިލާފު ހިނިތުންވުމެއް މިއަދު ޒައުލްގެ ތުންފަތަށް ވެރިވެފައިވެއެވެ. ކުރެވެމުންދިޔަ އާތަޖުރިބާއިން އޭނައަށް ހިތްހަމަޖެހުން ލިބެމުންދިޔައެވެ. އެހެނީ އޭނަގެ އެމިނަތްމަސައްކަތް ގުޅިފައިވަނީ ޔޫހާއާއި ކަމަށްވީތީއެވެ.

“ޖަމާލް، ހިނގާ ޔޫހާ މެންގެއަށް” ޒައުލްގެ ދެއަތުން ހިފާލެވޭވަރުގެ ބޮޑު ޕާރުސަލެއް ކާރުގެ ފަހަތު ސީޓަށް އެރުވުމަށްފަހު ބުނެލިއެވެ. އަދި އޭނަ ކާރުގެ ކުރީ ސީޓުގައި އިށީނދެއްޖެއެވެ. ޖަމާލް ކާރު ދުއްވާލީ ޔޫހާ މެންގެއަށް ދިއުމަށެވެ.

ކާރުގެ ތެރޭގައި އިން ޒައުލް ހިތްހަމަޖެހިފައިވިޔަސް ކޮންމެވެސް ވަރެއްގެ ހާސްކަމެއް އޭނަގެ މޫނުމަތިން ފެންނަމުން ދިޔައެވެ. އޭނަގެ ފައި އިރުއިރުކޮޅާ ތަޅުވާލައެވެ.

“ކުޑަ ސާހަބް، އެގޭ ދޮރުކުރިމައްޗަށްތޯ މަޑުކުރަންވީ؟” ޖަމާލް ޔޫހާ މެންގޭ މަގަށް އަޅާލަމުން ބުނެލިއެވެ.

“ދޮރުމަތީ ކާރު ބޭއްވުމުން ދުއްވާއެއްޗެއްސަށް އުނދަގޫވެދާނެ، ރަނގަޅުވާނެ އެގޭ ކައިރީ މަގުގެ އެއްފަރާތެއްގައި ޕާކުކޮއްލުން” ޒައުލް ބުނެލިއެވެ. ޖަމާލް ޔޫހާ މެންގެއާއި މާދުރުނޫން ހިސާބެއްގައި ކާރު މަޑުކޮއްލުމާއިއެކު ޒައުލްއަށް ބަލާލިއެވެ. އަދި ކިހިނެއްތޯ ދެން ހަދަންވީ ސުވާލުކުރިއެވެ.

“ފަހަތުގަ އެހެރަ ހުރިހާ އެއްޗެއް ހިފައިގެން އެގެއަށްވަދޭ، ބުނޭ އަހަރެން ފޮނުވައިގެންނޭ” ޒައުލް ހާސްކަމާއިއެކު އަވަސް އަވަހާ ވާހަކަދެއްކިއެވެ.

ދޮރުމަތިން މީހަކު ސަލާމްގޮވާލި އަޑަށް ބަދިގޭގައި ކައްކަން އުޅުނު ޔޫހާ ނުކުތެވެ. ދޮރުމަތީ ހުރި މީހަކު ޔޫހާއަށް ވަކިވާގޮތްނުވީ އޭނަގެ އަތުގައި އޮތް ބޮޑު މާބޮޑިއާއި ދެވަރުގެ ދެޕާރުސަލްއިން މޫނު ނިވާވެފައި ހުރީތީއެވެ. ޔޫހާ ސަލާމް ބަލައިގަންނަމުން ކީއްކުރާ މީހެއްތޯ ސުވާލުކުރިއެވެ.

“މެޑަމް، އަޅުގަނޑު، ޖަމާލް…..ކުޑަސާހަބް ފޮނުވައިގެން….” ޖަމާލް އަތުގައި ހުރި އެއްޗެހިތަށް ނުވެރޭނޭހެން މަޑުމަޑުން އަތުގައި އޮތް ކާޑު ދިއްކޮއްލިއެވެ.

“ޖަމާލް، ތިގެނައި ތަނަކަށް ތިގެންދޭ، އަހަރެން ތިތަނުން އެއްވެސް އެއްޗެއް ބޭނުމެއްނޫން، އަހަރެންގެ ދަރިނުބެލިގެން އަދިއެއް ނޫޅެން، އެހެންނޫނަސް ނުބެލިގެންނޭ ކިޔާފަ ޒައުލް ކައިރީ ކަމަކު ނޭދޭނަން” ނިތަށް ރޫއަރުވާލަމުން ޔޫހާ ބުނެލިއެވެ.

“މަންމީ، ކޮއްކޮއަށްތަ؟” ޓީވީގެ ރިމޯޓް ހިފައިގެން ސޯފާގައި އޮތް ކިޔާން އަހާލިއެވެ. އަދި ޝައުގުވެރިކަމާއިއެކު ބޭރުން އައިސް ހުރި މީހާއަށް ބަލަން އިނެވެ.

“އެއީ ކޮއްކޮގެއެއްނޫން….ޖަމާލް، ޕްލީޒް….ޓޭކް ދެޓް ބެކް” ޔޫހާ އެއްވެސް އެއްޗެއްގައި ހިފުމަކާއިނުލާ ބުންޏެވެ. ޖަމާލްއަށް އެއެއްޗހި ހިފައިގެން އެނބުރި ދިއުން ނޫންގޮތެއް ނެތެވެ.

ކާރުގައި ޔޫހާ މެންގެއާއި ދިމާލަށް ނަޒަރުހުއްޓާލައިގެން އިން ޒައުލްއަށް ޖަމާލް ފެނުމުން ހަރަކާތް އަވަސްކޮއްލުމާއިއެކު ކާރުން ފައިބައިފިއެވެ. ޖަމާލްއަށް އެއްޗެއް ބުނާކަށް ނުޖެހުނެވެ. ވީގޮތެއް ޒައުލްއަށް އެނގިއްޖެއެވެ. އޭނަ މަގުގެ އަނެއް ފަރާތުގައި ހުރި ޖަމާލްގެ ގާތަށް ދިއުމަށް ހިނގައިގަތެވެ. ޖަމާލްއަށްވެސް ޒައުލް އަންނަތަން ފެނުމުން ހުއްޓެވުނެވެ. ޒައުލް އެއައިގޮތަށް އައިސް ޖަމާލްގެ އަތުގައިވި އެއްޗެހި ނަގައިފިއެވެ. އަނގައިން ބުނުމެއްނެތި އޭނަ ޔޫހާމެންގޭ ތެރެއަށްވަދެގެން ގޮސްފިއެވެ.

ސޯފާއިގައި އޮށޯވެލައިގެން އޮވެ އެއްވަރަކަށް ޓީވީގެ ޗެނެލްތައް ބަދަލުކުރަމުން ދިޔަ ކިޔާންގެ އަތުން ރިމޯޓްވެއްޓުނެވެ. އަވަސް އަވަހަށް ޔޫހާއަށް ގޮވާލީ ދޮރުމަތީ ހުރި މީހާ ފެނުމުންނެވެ.

“ކޮންއަޑެއް އެއިވުނީ…އާދެބަލަ މަންމަ ކައިރިއަށް” ޔޫހާ އެތެރެން ބާރަށް ބުނެލިއަޑުއިވުނެވެ. އެހެންނަމަވެސް ކިޔާންގެ ޚަބަރެއްނުވުމުން އޭނަ ކުރަންހުރި ކަންތަކަށް ސަމާލުވިއެވެ. ކިޔާން ހުރީ ސޯފާގައި ކޮއްޅަށެވެ. ދޮރުން ވަތްމީހާ ސޯފާކުރިމަތީ ހުރި ކުޑަމޭޒުގެ މަތީ އޭނަ ގެނައި ހުރިހާ އެއްޗެއް ބެހެއްޓިއެވެ. އެހިނދު ކިޔާންއަށް ޒައުލް ފެނުމުން އޭނަގެ މޫނުމަތިން ފާޅުވެގެން ދިޔައީ ބިރުވެރިކަމެވެ. އެކަން ޒައުލްއަށް ނަގައިގަނެވުނެވެ. ކިޔާން ސޯފާއިން ފުއްމާލައިގެން ދުވެފައި ޔޫހާ ހުރިދިމާލަކަށް ދާން އުޅެގެން ހިނދު ޒައުލް ކިޔާންގެ އަތުގައި ހިފާ އޭނަގެ ގާތަށް ގެނެއެވެ.

“ކިޔާން، މީ ކިޔާންއަށް ގެނައި ހަދިޔާއެކޭ” ޒައުލް ކިޔާންގެ ގައިގާ ހިފަހައްޓާލައިގެން ހުރެ ސޯފާގައި އިށިންނަމުން ބުނެލިއެވެ. އެހެންނަމަވެސް ކިޔާން އެއްވެސް އެއްޗެއް ނުބުންޏެވެ. ޒައުލްގެ އުނގުތެރެއަށް ވަދެހުރި ކިޔާންއަށް އޭނަ ބަލާލީ ވަރަށްވެސް ލޯބިންނެވެ. ހިތާހިތާ އެކުއްޖާ ވައްތަރީ ހަމަ އޭނައާއިއޭ ބުނެލަމުންނެވެ.

“ކޮބާ މަންމަ؟” ޒައުލްގެ ބޮޑު ދެއަތްތިލާގެ ތެރޭ ކިޔާންގެ ކުޑަކުޑަދެއަތްތިލަ ހިފަހައްޓާލަމުން އަހާލިއެވެ. އެއާއިއެކު ކިޔާން ޒައުލްގެ އަތުގެ ތެރެއިން އެއްއަތްނަގާ ގޭތެރެއަށް އިޝާރާތްކޮއްލިއެވެ.

“ތީ ގޯސް ބޭބެއެއްތަ” ކިޔާން ޒައުލްއާއި ދިމާލަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ބުނެލިއެވެ. ކިޔާން ބުނިއެއްޗެއް އަޑުއިވުމާއިއެކު ޒައުލްގެ ގާތަށް ހިނިއައެވެ.

“ނޯ، މީ ގޯސް ބޭބެއެއްނޫން، ގޯސް ބޭބެއެއް ވެއްޖެއްޔާ ކިޔާންއަށް ހަދިޔާއެއް ނުގެނެސްދޭނެއެއްނު” ޒައުލް ކިޔާން ނަގާ އޭނަގެ ފައިމަތީ ބައިންދާލަމުން ބުނެލިއެވެ.

“މި ޕްރެޒެންޓްވެސް، މި ޕްރެޒެންޓްވެސް…” ކިޔާންއަށް ލިބުނު ހައިރާންކަމާއިއެކު ދެލޯ ބޮޑުކޮއްލަމުން އަހާލިއެވެ. އަދި ޒައުލްއަށް ފަހަރަކު ޕާރުސަލެއް ދައްކާލަމުން އެއީ ހުސް އޭނައަށް ގެނެސްދިން އެއްޗެހިތޯ ޔަގީންކުރަން ބޭނުންވިއެވެ.

“އެންމެ ބޮޑު ޕްރެޒެންޓް ކިޔާންއަށް، ދެން އޮތް ޕްރެޒެންޓް މަންމައަށް” ޒައުލް ކިޔާންއަށް ބަލަހައްޓައިގެން އިނދެ ބޯޖަހާލަމުން ހިނިތުންވެލާފައި ބުނެލިއެވެ. އަދި އެންމެ ބޮޑު ޕާރުސަލް ނަގާ ކިޔާންގެ ގާތުގައި ބެހެއްޓިއެވެ.

“ކިޔާންގެ ޑެޑީ ކޮބާ؟” ކިޔާން އޭނަގެ ގާތުގައި ހުރި އިސްކޮޅުވަރުގެ ބޮޑު ޕާރުސަލަށް ޝައުގުވެރިވި ވަގުތު ޒައުލް އަހާލިއެވެ.

“ކޮއްކޮގެ ޑެޑީއެއްނެއް” ވިސްނުމަކާއިނުލާ ކިޔާން އެހެން ބުނެލިއިރު އޭނަ ބުނިއެއްޗަކަށް މާބޮޑު ފިކުރެއް އޭނަގެ ނެތެވެ.

“ކޮންމެ ކުއްޖެއްގެވެސް ޑެޑީ ހުންނާނެއެއްނު، ކިޔާންގެ ޑެޑީ ކޮބާ؟ މަންމި ގާތުން ނާހަންތަ” ޒައުލް އަނެއްކާވެސް ކިޔާން އާއި ސުވާލުކުރިއެވެ.

“މަންމި ބުނީ ކޮއްކޮގެ ޑެޑީއެއް ނުހުންނާނެއޯ، މަންމި ދެރަވާނެ ޑެޑީގެ ވާހަކަ ދައްކަންޏާ” ކިޔާން ދެރަވެލާފައި ބުނެލިއެވެ. ޒައުލް އިރުކޮޅަކު ވިސްނާލިއެވެ. ކީއްވެކަމެއް ނޭގެއެވެ. ކިޔާން ގެނެސް މޭގައި ބޮނޑިކޮއްލަމުން އޭނަގެ ބޮލުގައި ބޮސްދީފިއެވެ. އޭނަގެ ހިތް ހަމަ އެގޮތަށް ކަންތައްކުރުމަށް ބޭނުންވީއެވެ.

“ކޮއްކޮގެ ޑެޑީ އެބަހުއްޓޭ، މީ ކޮއްކޮގެ ޑެޑީއަކީީ” ޒައުލް ކިޔާންގެ މޫނުގަ އާއި ދެއަތްތިލާގައި ބޮސްދެމުން ބުނެލިއެވެ. ކިޔާންއަށް ނޭގޭ ހައިރާންކަމެއް ވެރިވެގެން ދިޔައެވެ.

“ޒައުލް….” ޔޫހާގެ ރުޅިވެރިކަން އެކުލެވިފައިވި އަޑު މުޅިގޭތެރޭ ގުގުމައިގެން ދިޔައެވެ. ޔޫހާ އެތަނަށް އައީ ގޭތެރޭގައި ކިޔާން މީހަކާއި ވާހަކަދައްކާހެން ހީވެގެންނެވެ. ކިޔާންގެ އިތުރުން ޒައުލްއަށްވެސް ޔޫހާގެ އަޑުން ސިހުމެއްގެނުވިއެވެ. ކިޔާން ހުރީ ވާނުވާނޭގި ހަދަންވީ ކިހިނެއްކަންވެސް ނޭގިފައެވެ. ޒައުލްގެ އުރުގެތެރެއިން ނުކުމެ ޔޫހާގެ ކައިރިއަށް ދާންވީކަންވެސް އޭނައަކަށް ނޭގުނެވެ.

“މިގެއަށް ނާންނާށޭ ބުނީމަވެސް، ކަލޭގެ ދަރިއެއް ނުހުންނާނެއޭ މިބުނަނީ، ކިހިނެއްވެގެންތަ ތިއުޅެނީ، އަތުގަ ފައިސާ ގިނަވީތަ….ބުނަން މަމީ ކުޑަކުއްޖެއްނޫން ކޮންމެހެން ކުލަކުލައިގެ ދަޅައަޅާ ކަރުދާހުގަ އެއްޗެހި ޕެކުކޮއްގެން ގެނެސްދިނީމަ ހެވިފަ ހުންނާކަށް، ކިޔާން އާއި ޒައުލް ގާތްވާކަށް އަހަރެން ބޭނުމެއްނޫން، ޒައުލްގެ ތި މިނިވަން ހަޔާތަށް މަރުޙަބާ، އެކަމަކު އަހަންނާއި އަަހަރެންގެ ދަރިފުޅާއި ގާތްވާން މަސައްކަތް ކުރާނެކަމެއްނެއް…..” ޔޫހާ އެއްނޭވާއިން އެތަށް އެއްޗެއް ޒައުލް އާއި ދިމާލަށް ބުނެލިއެވެ. އަދި ނުވިތާކަށް ޒައުލްގެ އުރުގައި އިން ކިޔާންގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް ގޮވައިގެން އައިސް ޒައުލް އާއި ވީހާވެސް ދުރުގައި ހުއްޓުނެވެ.

“ޔޫހާ ކީއްވެތަ ރުޅި އަންނަނީ، އަހަރެން މިއައީ ޒުވާބު ކުރާކަށް ނޫނޭ…ޕްލީޒް، އަހަރެން ދައްކާ ވާހަކަ އެހަށް އަޑުއަހާލަބަލަ، އަހަރެން ނޫޅެން ކިޔާންގެ ޓެސްޓެއް ހަދާކަށް، އެންމެ ރަނގަޅެއްނު، އެކަމަކު އަހަރެން ގަބޫލުކުރަން އެއީ އަހަރެންގެ ކުއްޖެއްކަން…އަހަންނާ ކިޔާން އާއި އެއްވެސް ތަފާތެއްނެއް، އަހަރެންގެ ޅައިރުގެ ތަސްވީރަކަށް ދިރުން ލިބިފައިވާފަދަ…ގަބޫލު ކުރަން ދަތި، އެކަމަކު އަހަރުމެން ދެމީހުންގެ މެދުގައި ގުޅުމެއް ނުހިނގާކަމަކަށްވެސް ނުވާނެ…ޕްލީޒް ޔޫހާ، އަހަރެންގެ މުއްސަނދިކަން ދައްކާކަށް ނޫނޭ މިއައީ…” ޒައުލްގެ އަޑުގައާއި ހަރަކާތްތަކުގައިވަނީ މަޑުމައިތިރިކަމެވެ. އޭނަ މަޑުމަޑުން އައިސް ޔޫހާގެ އަތުގައި ދެފަރާތުން ހިފާލިއެވެ. ޒައުލްގެ އަތް ޔޫހާގެ ހަށިގަނޑުގައި ޖެހިލުމާއިއެކުހެން އޭނަ ސިހިގެންދިޔައެވެ. ނިތަށް އަރާފައިވާ ރޫތައްވެސް މަޑުމަޑުން ފިލައިގެންދިޔައެވެ. މޫނުމަތީގައިވި ރުޅިވެރިކަން ފިލައިގެންގޮސް މުޅި މީހާ ފިނިވެގެންދިޔައެވެ. ހަރުކަށިވާން ބޭނުންވެފައިވި ޔޫހާ ޒައުލްގެ އަތުގެތެރޭ މަޑުކަފަކޮޅަކަށްވެގެންދިޔައެވެ.

“ޒައުލް…ނޫން، ނޫން، އަހަރެން ބޭނުމެއްނޫން…ކިޔާންއަކީ ހަމައެކަނި އަހަރެންގެ ދަރިއެއް” ޔޫހާގެ އަޑު މިފަހަރު ބާރެއްވެސް ނުވިއެވެ. ޒައުލް ޔޫހާގެ މޫނުގައި ހިފާ އެރީތިކަމުން ފުރިގެންވި ލޮލާ ލޯ އަމާޒުކޮއްލިއެވެ.

“ކީއްވެ، ކިޔާން އަކީ އަހަރެންގެ ދަރިއެއް، އެދަރިފުޅުގެ ގައިގާ ހިނގަނީ އަހަރެންގެވެސް ލޭ، އަހަންނާ ނުލައެއްނޫނެއްނު ޔޫހާއަށް އެދަރިފުޅު ލިބުނީކީ” ޒައުލްގެ އަޑުވެސް މަޑުވެ ޖަޒުބާތީ އޮއެވަރުތަކެއް އެހިތުގައިވެސް އުފެދެންފެށި ކަހަލައެވެ.

“މިހާރުތަ ދަރިފުޅޭ ކިޔާފަ އަންނަންވީ…ކިހާ އޮޅުވާލުމެއް ޒައުލް އަހަންނަށް އޮޅުވާލި، ކިތަށް ދޮގު އަހަރެން ކައިރީ ހެދި…އެވަރުންވެސް ނުފުދުނު، އަހަރެން ކޯއްޗެއް ޒައުލްއަށްޓަކައި ނުދެނީ، މިހަށިގަނޑުވެސް ޒައުލްއަށް ވެދުންކުރީ އުފަލުންހުރެ…އަދި އަދަށްވެސް ތިނޫނީ މިހަށިގަނޑުގަ އެފަދަ ބީހުމަކުން އިތުރުމީހަކު ބީހިފާނުވާނެ، އަހަރެންގެ ހިތަށް ކުރާނެ އަސަރާ އަހަރެންގެ ލޮލުން ކަރުނައެޅި ރޭތައް އަނބުރާ ޒައުލްއަށް ދެވޭނެތަ، ބުނެބަލަ ދެވޭނެތަ….އަހަރެންގެ ގައިގައޭ އެމީހުން ތެޅީ…އެހުރިހާ އެންމެންގެ ތެރޭ އަހަރެން ގަތްލަދާ އަހަރެންގެ މަންމަ ރުއި ރުއިމާ، އާއިލާއަށް ލިބުނު ހަޑިނަމާ އާއިލާ ލަދުގަތްވަރު….އަހަރެންނާ މިހިރަ ދަރިފުޅަށް އެމީހުން ކުރި މަލާމާތް…އެހުރިހާ ކަމަކާ ކުރަމަތިލީ އަހަރެން އެކަނިމާއެކަނި، ޒައުލް އެއްފަހަރުވެސް އަހަރެންގެ ހާލު ބަލާލިންތަ، އަހަރެން އެކަނިވީވަރު، އަހަރެން ބިރުގަތްވަރު…ދުނިޔެއާއި އަހަރެން ކުރިމަތީ ކިހިނެއްކަންވެސް އެނގޭތަ…” ޔޫހާއަށް ގިސްލާފައި ރޯންފެށުނެވެ. އެހިތުގައި ފޮރުވަން މަސައްކަތްކުރި ހުރިހާ ރުޅިވެރިކަމަކާއި ވޭނާއި އާހު އެދުލުން ނުކުތީ އެއްވެސް ހިފެހެއްޓުމެއްނެތިއެވެ. ޔޫހާ ޒައުލް ދުރަށް ކޮއްޕާލިއެވެ. އޭނަގެ ހިތާ ސިކުނޑި ފަޅައިގެންދާން އުޅުނުކަހަލައެވެ. ކުޑަކަކޫމައްޗަށް ތިރިވި ޔޫހާގެ ގާތަށް އައި ކިޔާންގެ ގައިގާ އޮޅުލައިގަންނަމުން ޔޫހާ ރޮމުންދިޔައެވެ. ޒައުލްއަށް ވީގޮތްވެސް ނޭގުނެވެ. ޔޫހާގެ ރުއިމުގައި އޭނަގެ ހިތްވެސް ބައިވެރިވިކަހަލައެވެ. މަޑުމަޑުން އައިސް ޔޫހާގެ ގާތުގައި ކުޑަކަކޫޖަހާލަމުން ޔޫހާގެ ބޮލުގައި ފިރުމަންފެށިއެވެ. ފޮރުވުމެއްނެތި ބާރަށް ރޮމުންދިޔަ ޔޫހާގެ ހިތަށް ކޮއްފައިވާ އަސަރު ޒައުލްއަށް މީހަކު ކިޔާދޭކަށް ނުޖެހުނެވެ. އެވަގުތު އޭނާގެ ހިތަށް ހަންޖަރުގެ އެތިފަހަރެއް އައިނަމަވެސް އެވޭންވެސް މިވަގުތު އޭނައަށް އިޙްސާސް ކުރެވެމުންދިޔަ ވޭނަށްވުރެ ކުޑަވާނެކަން ގައިމެވެ. ޔޫހާގެ ހިތުގައި ޖެއްސިފައިވަނީ ކޮންފަދަ ދަރަޖައަކަށްކަން އޭނައަށް މިއަދު އެނގިއްޖެއެވެ. ޒައުލްގެ އެހުރިހާ އޮޅުވާލުމާއި ދިންވޭނަށްފަހުވެސް އަދިވެސް ޒައުލްދެކެ ޔޫހާ ލޯބިވާކަންވެސް އެހިތަށް އިލްހާމްވެގެންދިޔައެވެ.

“އައި އެމް ސޮރީ…ޕްލީޒް، ޔޫހާ…އަހަންނަށް މާފުކުރޭ، އަހަންނަށް މާފު ކުރޭ، އެރެއަކީ އަހަރެންގެ ދިރުއުޅުންވެސް ބަދަލުކޮއްލި ރެއެއް، އަހަރެން ހުރީ ޔޫހާ އާއިއެކު އެފަދަ ގުޅުމެއް ހިންގާކަށްނޫން، އެކަމަކު އެރޭ އެހެންކަންތައް ދިމާވީ، ޔޫހާ އަހަރެން ހުއްޓުވިނަމަ…އަހަރެން ކިހިނެއް މާޒީގެ އެދުވަސްތައް އަނބުރާ ހޯދަދޭނީ، އެކަންތައްތައް ބަދަލުކުރާނީ ކިހިނެއް” ޒައުލް ޔޫހާ އާއި ކިޔާން އެއަތުގެ ތެރެއަށްލަމުން ހިފަހައްޓާލިއެވެ. ބޭއިޙްތިޔާރުގައި ޔޫހާއަށް ޒައުލްގެ މޭގައި މޫނުޖައްސާލެވުނެވެ. އަދި ރޮމުން އޭނަގެ ގަމީހުގައި ބާރަށް ހިފާލެވުނެވެ. އިރުގަނޑަކު އެހެން އިނުމަށްފަހު ޔޫހާ ދުރަށްޖެހި ޒައުލްއަށް ބަލާލިއެވެ. ޒައުލްގެ ގަމީހުގެ މޭމަތިވަނީ ކޮންމެވެސް ވަރަކަށް ތެމިފައެވެ.

“ދެން ދޭ ޒައުލް” ޔޫހާ ލޯފޮހެލަމުން ތެދުވެ ޒައުލްއަށް ފުރަގަސްދީފައި ބުނެލިއެވެ. އޭނަގެ އެމޫނު އިތުރަށް ޒައުލްއަށް ދައްކަން ބޭނުންނުވީ ކަންނޭގެއެވެ.

“ކިޔާން…މީ ދަރިފުޅުގެ ޑެޑީއޭ، މަންމި ގާތުބުނޭ ދެން ނުރޯށޭ، ޑެޑީ އަތުވެއްޖައިމޭ، ޑެޑީ ޓްރަސްޓް ކުރަމޭ މަންމިއަށް” ޒައުލް ކިޔާން އުރާލަމުން ޔޫހާއާއި ގާތްވެލާފައި ބުނެލިއެވެ.

“ޒައުލް، ދެން ދޭ، ކިޔާންގެ ބައްޕައެއް ނުހުންނާނެ” ޔޫހާ ގިސްލެވިފައިވާ އަޑަކުން ބުނެލިއެވެ.

“އެހެން…” ޒައުލް އެއްޗެއް ބުނަން އުޅުނުވަގުތު ފޯނު ރިންގުވިއެވެ. އެއްއަތުން ކިޔާން ހިފަހައްޓާލައިގެން ހުރެ ފަޓުލޫނު ޖީބުން ފޯނުނަގާ ބަލާލިއެވެ.

“ހެލޯ، އަހަރެން ވަރަށް ބިޒީ” ފޯނުނެގުމާއިއެކު ޒައުލް ބުނެލިއެވެ.

“ޒައުލް، އެކެއްގެ މީޓިން…” ފައުޒީގެ އަޑު ފޯނުގެ އަނެއްކޮޅުން އިވުނެވެ. މީޓިންގެ މަތިން ޒައުލް ހަނދާންވީ ދެނެވެ.

“މިދަނީ” ވާހަކަ ކުރުކޮއްލާފައި ޒައުލް ފޯނު ކަނޑާލިއެވެ.

“ޔޫހާ، އަހަންނަށް މާފުކުރޭ، މިއަދު އަހަރެން ނުކުމެގެންދިޔަޔަސް އަހަރެން މިދަރިފުޅާއި ޔޫހާ ދޫކޮއްލީ ކަމުގަ ހީނުކުރާތި” ޒައުލް މިހެން ބުނެ ކިޔާން އުރާލައިގެން ހުރެ ސިޓިން ރޫމު ދޮރުކައިރިއަށް ދިޔައެވެ. ޔޫހާ އެނބުރި އެދިމާ ބަލާލިއެވެ. ޒައުލް ލޯތްބާއިއެކު ކިޔާން ތިރީގައި ބެހެއްޓުމަށްފަހު ސިއްރުސިއްރުން ކޮންމެވެސް އެއްޗެއް ކިޔާންއަށް ބުނެލިއެވެ. އަދި ކިޔާންގެ ކޮލުގައި ބޮސްދީފައި ޔޫހާއަށް ބަލާލިއެވެ. ޒައުލްގެ ލޮލުގައިވި ހަރުކަށިކަމާއި ބޮޑާކަން ދިޔައީ ކޮންތާކަށް ކަމެއް ނޭގެއެވެ. ޔޫހާއަށް އެލޮލުން އެއްވެސް އުނިކަމެއް ނުފެނުނެވެ. އެކަމާ ހައިރާންވެސް ވެވުނެވެ. އެހެނެއްކަމަކު އަވަސް އަވަހަށް އިސްޖަހާލާފައި ދެން އިސްއުފުލާލިއިރު ޒައުލް ފެންނަ ހިސާބުގައެއްނެތެވެ. އަވަސް ފިޔަވަޅުގައި ސިޓިން ރޫމު ދޮރުކައިރިއަށް ޔޫހާ ދިޔައެވެ. ޒައުލް ނުކުމެގެން ދިޔައީއެވެ. ކީއްވެކަމެއްނޭގެއެވެ. ޔޫހާއަށް ފުންނޭވާއެއް ބޭރުކޮއްލުމާއިއެކު ދެލޯމަރާލެވުނެވެ.

“މަންމީ، ކޮއްކޮގެ ޑެޑީ ދިޔައީ” ކިޔާން ދޮރާދިމާލަށް ބަލާލާފައި ޔޫހާގެ ހަރުވާޅަށް ދަމާލަމުން ބުނެލިއެވެ.

“ކޮއްކޮގެ ޑެޑީއެއް ނުހުންނާނެ…” ޔޫހާ އަބަދުވެސް ކިޔާންއަށް ދޭ ޖަވާބު ދިނެވެ. އަދި ކިޔާން އުރާލައިގެން ހުރި ފިޔަވަޅުމަތީ ހުއްޓުން އަރާފައި ކަހަލަ ގޮތަކަށް ޔޫހާ ހުއްޓެވެ.

“އައްދޭ މިއަދު ދޮރުފާރައަށްތަ މިތިބީ…” ބޭރު ދޮރާށިން އެތެރެއަށްވަތް އަފްލީން ހިނިއައިސްފައި ބުނެލިއެވެ. އަފްލީންގެ އަޑުއިވުމާއިއެކު ކިޔާން ހިނިއައިސްފައި ބަލާލިއެވެ. އަދި ޔޫހާވެސް އަފްލީންއަށް ހިނިތުންވެލިއެވެ.

“މިއަދު ތަންކޮޅެއް ކުރިން ތިއައީ ކިހިނެއްވީ” ޔޫހާ ސުވާލުކުރިއެވެ. ޒައުލް ހުއްޓާ އަފްލީން ނައިކަމަށްޓަކައި ހިތާ ހިތާ ޝުކުރުކުރާ ހާލުގައެވެ.

“މިއަދު އެންމެ ފަހުން އޮތް ކްލާސް ކެންސަލްވީމަ މިއައީ…” މިހެން ބުނެލަމުން އަފްލީން އައިގޮތަށް ކިޔާންގެ ކޮލުގައި ހިފާލައިފިއެވެ.

“ނޫން ނޫން ދަރިފުޅު، އަފޫ ދައްތައަކަށް ނޫރޭނެ، އަފޫދައްތަގެ ޔުނީފޯމް ހަޑިވެދާނެއެއްނު، ހިނގާ ފެންވަރަންދާން” ކިޔާން އަފްލީންއަށް އަތްދިއްކޮލަމުން އޭނަގެ ގާތަށް ދާން އުޅެގަތް ހިނދު ޔޫހާ ބުނެލިއެވެ. އޭނަ މަޑުމަޑުން ކިޔާން ތިރީގައި ބެހެއްޓުމަށްފަހު އަފްލީން ގޭތެރެއަށް ވަނުމަށް ތަންދެއްކިއެވެ.

“އޯ މައި ގޯޑް…މީ ކާކުގެ…” ސިޓިންރޫމަށްވަތް އަފްލީންއަށް ކުޑަމޭޒުމަތީގައި އޮތް ބޮޑު ގުލްދަސްތާފެނި ބުނެލެވުނެވެ. ލިބުނު ހައިރާންކަމާއިއެކު އޭނަގެ ދެލޯ ބޮޑުވެފައިވެއެވެ.

“މީ ކޮއްކޮގެ ޕްރެޒެންޓެއް” ކިޔާން ދުވެފައި އައިސް ސޯފާކައިރީ ބަހައްޓާފައިހުރި ޕާރުސަލްގައި ބައްދާލަމުން ބުނެލިއެވެ. ޔޫހާ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ.

“އަޅެ ލޯބިކަން، ވާވު…ލިލީ، އޯކިޑް، ކާނޭޝަން، ޑެއިޒީ، ރޯޒަސް، ޕިންކް، ރެޑް…ސަންޕްލާވާސް…އެއްވަރުގެ ރީތި މާތަށް….އޯ ޔޫހާ މީ ކާކު ގެނައި ބޮކޭއެއްތަ؟ އޯ ކާޑެއްވެސް އެބައޮއްތަ…..ސޮރީ ކާޑެއް….” އަފްލީން ތުއިގޮތަކަށް މާބޮނޑީގައިވާ މާތަކުގައި އަތްލަމުން ބުނެލިއެވެ. އަދި އެމާބޮނޑީގެ ކައިރީ އޮތް ކާޑެއްފެެނުމުން އަވަހަށް ނަގާ އޭގެ ބޭރުގައި އިން އެއްޗެއް ކިޔާލިއެވެ. އެވަގުތު ޖެހިލި ބާރުވައިރޯޅިއެއް ފަދައިން ޔޫހާ އައިގޮތަށް އަފްލީންގެ އަތުން ކާޑު އަތުލިއެވެ.

“އޯ ސަމްވަން ސްޕެޝަލް…މީ އަފޫ ދައްތައަށްވީ މާބޮނޑިއެއްތަ” އަފްލީންއަށް ޔޫހާގެ ފަރާތުން އެއްޗެއް އޮޅުންފިލުވުމަކީ އެހާ ފަސޭހަކަމެއް ނޫންކަން އެނގޭތީ އޭނަ ކުރިމަތިލީ ކުޑަކުޑަ ކިޔާންއާއިއެވެ.

“ނޯ…ޑެޑީ ބުނީ މީ ކޮއްކޮ އާއި މަންމިއަށް ގެނެސްދިން ޕްރެޒެންޓެކޯ” ކިޔާން ހިނިއައިސްފައި އޭނަގެ ޕާރުސަލްގައި ކުރިއަށްވުރެވެސް ބޮޑަށް ބައްދާލަމުން ބުނެލިއެވެ.

“ކިޔާން…” ޔޫހާ ކިޔާންއަށް ލޯއަޅާލަމުން ބާރަށް ބުނެލިއެވެ.

“ޔޫހާ ބޯއީ ފުރެންޑެއް ނެގީތަ؟ އެކަމާ ދޮންބެ ހިތްހަމަ ނުޖެހުނީ ދޯ…” އަފްލީން ވިސްނާލަމުން ބުނެލިއެވެ.

“އަފޫ ތިހީކުރަނީ ރަނގަޅަކަށްނޫން، އަހަރެންގެ އެއްވެސް ބޯއީ ފުރެންޑެއް ނުހުންނާނެ، ކިޔާން އެއީ އަދި ކުޑަކުއްޖެއް، އޭނަ ދައްކަފާނެ ކޮންމެ ވާހަކައެއްވެސް….އަފޫއަށް ވަރަށް ރީއްޗެއްނު މިމާބޮނޑި ދޯ، ގެންދޭ މި މާބޮނޑި، ތިކޮޓަރީގަ ހުރި ވާސްތަކަށް ޖަހާލީމަ ވަރަށް ރީތިވާނެ، ދެން އެއޮތް ޕާރުސަލްވެސް ގެންދޭ، އަހަރެން މިދަނީ ފެންވަރަން އެނގޭ، އަދި މިހިރީ މެންދުރު ނަމާދުވެސް ނުކޮށް” ޔޫހާ ވާހަކަދައްކަމުން ކިޔާންގެ އަތުގައި ހިފާ ދާމާލާފަދަ ގޮތަކަށް އޭނަ ގޮވައިގެން ހިނގައިގަތެވެ. އޭނަ ބޭނުންވީ އަފްލީންގެ ވާހަކަ ފެށުމުގެކުރިން ނިންމާލާށެވެ.

“ސީރަސްކޮއްތަ….ވާވު ތެންކިއު” އަފްލީން އިތުރު ސުވާލު ކުރުމަކާއި ނުލާ މާބޮނޑު އާއި ޕާރުސަލް ހިފައިގެން އޭނަގެ ކޮޓަރި އާއި ދިމާލަށް ހިނގައިގަތެވެ. އެވަގުތު ކިޔާން އޭނަގެ ޕާރުސަލާއި ދިމާލަށް އަތްދިއްކުރަމުން ބޮޑާ ހާކާލިއެވެ. އެހެންވެ ޔޫހާ ކޮޓަރިއަށްވަނީ ކިޔާންގެ ޕާރުސަލް ހިފައިގެންނެވެ.

“އަހަންނަށް އެނގޭ ހާޒިމް ފޮނުވި މާބޮނޑިއެއްކަން އެއީ، އަސްލުވެސް ވަރަށް ރީތި، ރަތްފިނިފެންމާ….ސޯ މަޗް ލަވް، އެކަމަކު ދެން އެކަހަލަ ކަމެއް ނުކުރައްޗޭ” ލޫލުއާ ޑިއުޓީގައި އޭނައަށް ޚާއްޞަކުރެވިފައިވާ ކޮޓަރީގައި އިނދެ ފޯނުން ވާހަކަ ދެއްކިއެވެ.

“ލުއާއަށް ރީތިވާނެކަން އެނގޭތީއޭ ފޮނުވީ، ދެން ކީއްވެ ތިބުނަނީ ނުފޮނުވާށޭ” ހާޒިމް ފޯނުގެ އަނެއްކޮޅުން ލޫލުއާގެ ގާތުގައި އަހާލިއެވެ.

“މީ އަހަރެން މަސައްކަތް ކުރާތަންވީމަ، އެހެންނޫނަސް އަހަރެން ލަދުގަނޭ، އެމާބޮނޑި ކިތަންމެ ރީތިކަމުގައި ވިޔަސް އޭގެ ސަބަބުން އެތަށް ބައެއްގެ ސަމާލުކަން އަހަންނަށް ހުއްޓިގެން ދިޔަ، އެހެންވާން ބޭނުންނުވަނީ…ޕްލީޒް ދެން ނުފޮނުވައްޗޭ” ލޫލުއާ ރަކިގޮތަކަށް ބުނެލިއެވެ. ހާޒިމް ލުއި ގޮތަކަށް ހީލުމާއިއެކު އެއްބަސްވިއެވެ.

“އީކް، ނަހޫގެ ޚަބަރެއް ބަލާލިންތަ؟ އޭނަގެ ޑިޒައިންތައް ބަލާލަން އެގެއަށް ދާންވެގެން ކުރިން ދުވަހަކު ގުޅިން، އެކަމަކު ފޯނެއް ނުނަގާ، އިއްޔެ ގުޅިއިރު ފޯނު އޮތީ ނިއްވާލާފަ، އޭނަ އަސްލުވެސް މިޝޯގަ ބައިވެރި ވާނެތަ؟” ޝުދުފާ އީލާކް މަސައްކަތް ކުރަމުން ދިޔަ ބޮޑު ކޮޓަރީގައި ހުރި ސޯފާގޮނޑިއެއްގައި ދެފައިވައްކޮއްލައިގެން އިނދެ ވާހަކަދެއްކިއެވެ.

“ނޭގެ ދޯ، އަހަރެންވެސް ބިޒީ ވީމަ އޭނަގެ މަސައްކަތް ދިޔަ ހިސާބެއްވެސް ބަލާނުލެވިގެން މިއުޅެނީ، ވެދާނެ މިކޮޅުގަ ނެތީކަމަށްވެސް، ނަހޫ ބައިވެރިވިޔަސް ނުވިޔަސް ޝޯ ކުރިއަށް ދާނެއެއްނު، މިހާ ބޮޑުކަމެއް ވަންމަންތު ތެރޭ ނިންމާލަންވީމަ މިއުޅެނީ ނުވެގެން، ދެން ކިހިނެއް ނަހޫ އަދި ނިންމާނީ، އޭނަ ޑިޒައިންތައް އެފެއްޓީ އިހަށްދުވަހު، އެކަމަކު ހިތަށް އަރާ ނަހޫގެ ޑިޒައިންތައް ހުންނާނީ ކިހިނެއްބާއޭ، ބިގް ކޮމްޕެޓިޝަންއަކަށް މިކަންވެދާނެބާއޭ” އީލާކް އޭނަގެ މަސައްކަތް ކުރިއަށްގެންދަމުން ޝުދުފާ ބުނިއެއްޗަކަށް ޖަވާބުދިނެވެ.

“އަހަރެން ބޭނުމެއްނޫން ޝޯ ސްޓޮޕާއަށް ވާކަށް” ރޮޒޭން ބުނެލިއެވެ.

“އޯ ކަމޯން ރޯޒް…ޔޫ އެންޑް ޝުދޫ އާ މައިބެސްޓް ފްރެންޑްސް، ދިސް ޝޯ އިޒްމައި އެވްރީތިންގް، ޕްލީޒް…ރޯޒްއަށްވުރެ ރީތި އެއްވެސް މޮޑެލްއެއް ޝޯއިން ނުފެންނާނެކަން ޔަގީން، އެހެންވެ ބޭނުންވަނީ އަހަރެންގެ އެންމެ ރީތި ޑިޒައިން ހުށަހަޅާދޭ ފަރާތަށް ރޯޒްވާން، ތިހެން ބުންޏަސް ކޮއްދޭނަން ދޯ” އީލާކް ރޮޒޭންއަށް ބަލާލަމުން ބުނެލިއެވެ.

“ހޫމް ހޫމް، އީކްވިއްޔަ ކޮއްދޭންތާ ޖެހޭނީ، ބުނަން މިއަދު އިރުއޮއްސެންދެން ނީދެވޭނެ އެނގޭ، ހަވީރުން ދޮންތަގެ ކަމެއް ކޮއްދޭން ގެއަށް ދާން އެބަޖެހޭ” ރޮޒޭން ބޯޖަހާލަމުން ބުނެލިއެވެ.

މީޓިން ނިންމާފައި ކޮންފަރެންސް ރޫމުތެރެއިން ނުކުތްގޮތަށް އެކަކާވެސް އަނގައިން ބުނުމެއްނެތި ގޮސް ލިފްޓަށް އެރިއެވެ. އޭނަގެ މިސްރާބުހުރީ ހޮޓެލްގައިވާ އޭނަގެ ކޮަޓަރިއަށެވެ. ފައުޒީ އެއްޗެއް ބުނަން އުޅެފަވެސް ޒައުލްގެ ސަމާލުކަމެއް ނުލިބުމުން އަޅާނުލާ ސިޑިން ފައިބައިގެން ދިޔައީ މޫނުހަދާލައިގެން ހުރެއެވެ. ފަހަކަށް އައިސް ފައުޒީއަށް ބަދަލުތަކެއް އަންނަމުން ދިޔަކަން ޒައުލްއަށް ފާހަގައެއް ނުކުރެވުނެވެ. އެއަށްވުރެ އޭނަގެ އަމިއްލަ ހަޔާތާމެދު އޭނަވަނީ ކަންބޮޑުވެ ހާސްވެފައެވެ.

ކޮޓަރިއަށް ވަދެވުމާއިއެކު ޒައުލް ލައިގެން ހުރި އަންނައުނު ވަކިވަކިން ކޮޓަރީގެ ތެރެއަށް އުކަމުންދިޔައެވެ. އޭނަ އަވަސްވެގަތީ ފާހާނާއަށް ވަނުމަށެވެ. ފެންމާގަނޑުން އޮހިގަތް ފެންތަކާއިއެކު ދެލޯ މަރާލައިގެން ޒައުލް ހުއްޓެވެ. ޔޫހާ އާއި ބައްދަލުކޮއްފައި އައިފަހުން އޭނައަށް ހަމަޖެހުމެއް ނުލިބެއެވެ. އަބަދުމެ ލޯ ކުރިމަތީ ސިފަވަމުންދަނީ އޭނަގެ މޭގައި މޫނު ފޮރުވާލައިގެން އިނދެ ޔޫހާ ރޮމުންދިޔަ މަންޒަރެވެ. އެކަމުގެ ސަބަބުން ޒައުލްގެ ހިތަށް އިޙްސާސްކުރެވިގެންދިޔަ ތަދެވެ. ލިބުނު ހިތްދަތިކަމެވެ. ޒައުލް އޭނަގެ މޭގައި އަތްހާކާލާފައި ފާހާނާގެ ފާރުގައި މުއްކަވާލި އަތުން ޖެހިއެވެ. ޔޫހާ އާއި ގާތްވާން އޭނަ ބޭނުމެވެ. އެކަމަކު ނޭގެނީ ދެން ހަދަންވީ ގޮތެވެ.

“ހާދަ ފްރެޝްއޭ، ދޮންބެއަށް މިހާރު ސްކޫލް ދޮށަށްވެސް ދެވެނީ ފެންވަރައިގެން ސެންޓުބުރުވައިގެން ދޯ” އަފްލީން ޝާއިން އާއި ދިމާކޮއްލާފަދަ ގޮތަކަށް ބުނެލިއެވެ.

“ހޫނުގަދަ ދުވަސްކޮޅެއްވީމަ ގިނަގިނައިން ފެންވަރަން ޖެހޭނެއެއްނު، އޭރުންނޭ ފްރެޝްވާނީ، އަނެއްކާ ސްކޫލް ދޮށުގަ އޮންނާނެ ބައިވަރު މީހުންވެސް” ޝާއިން ބޫޓަށް އަރަމުން ބުނެލިއެވެ. އޭނަ އެއުޅެނީ ކިޔާން ބަލާ ސްކޫލް ދޮށަށް ދިއުމަށެވެ.

“ހޫމް ހޫމް، އެނގެޔޭ، ސްކޫލް ދޮށަށް ދާ އަންހެން ކުދިންވެސް ވަރަށް ގިނަވާނެ” އަފްލީން އަނެއްކާވެސް ދިމާކޮއްލުމުގެ ގޮތުން ބުނެލިއެވެ. ޝާއިން އަތްމަޅާލަމުން އަފްލީންގެ ގައިގާ ޖެހުމަށް އުޅުނުވަގުތު ސޯފާއިން ތެދުވެގެން ދުއްވައިގަތެވެ. ގޭގައި އަފްލީންގެ ހުނުމުގެ އަޑު ފެތުރިގެންދިޔައެވެ. ޝާއިންވެސް ހެމުން ހެމުން ގެއިން ނުކުމެގެން ހިނގައްޖެއެވެ.

ހަވީރުގެ ވަގުތެވެ. ސްކޫލްގެ ގޭޓު ހުޅުވާލުމާއިއެކު ހުރިހާ ބެލެނިވެރިން ކުދިންބަލާ ސްކޫލުގެ ގޯތިތެރެއަށް ވަންނަންފެށިއެވެ. ޝާއިން ވަށައިގެން ހޯދަމުން ކަހަލަގޮތަކަށް ކިޔާންގެ ކްލާހާ ހަމައަށް ދިޔައެވެ. އަދި ކިޔާން ގޮވައިގެން އޭނަ އާއި ވާހަކަ ދައްކަމުން ސްކޫލުން ބޭރަށް ނުކުތްވަގުތު އޭނަގެ ލޯ ހޯދަމުން ދިޔަ ފަރާތްނުމުން އޭނަގެ ހިތުގެ ހިނގުން އަވަސްކުރުވިއެވެ. ކިޔާންގެ އަތުގައި ހިފައިގެން އަވަސް ފިޔަވަޅުގައި ޝާއިން ހިނގައިގަތީ އެއަންހެން ކުއްޖާގެ ފަހަތުން ދިއުމަށެވެ. ކޮންމެ ދުވަހަކުހެން އޭނަ އެއަންހެން ކުއްޖާ ފެނޭތޯ ބަލައެވެ.

“ހެލޯ…” ޝާއިން އެއަންހެން ކުއްޖާގެ ފަހަތުން ގާތްވެލާފައި ބުނެލިއެވެ.

“ކާކު…” އަންހެން ކުއްޖާ ފަހަތަށް އެނބުރިލަމުން ބުނެލިއެވެ. އޭރު ޝާއިން އޭނަގެ ކަނާތްފަރާތުން އަރާ ހަމަކޮއްފިއެވެ.

“ތަގްދީރުގައި އަހަރުމެން ދެމީހުން ދިމާވާން ލިޔެވިފަވާނަމަ އަދި ދިމާވާނެ، އެދުވަހަކުން އަހަރެންގެ ނަން ބުނާނަން….ހަނދާން އެބަހުރިތަ؟” ޝާއިން ހިނިއައިސްފައި ހުރެ ބުނެލިއެވެ.

“ހޫމް، ހަނދާން އެބަހުރި، ދިމާވެސް ވެއްޖެ…ނަން ބުނަންވީތަ، އެނގެން ބޭނުންތަ” އެއަންހެން ކުއްޖާވެސް ރަކި ގޮތަކަށް ބުނެލިއެވެ.

“އިންތިޒާރު ކުރާތާ ކޮންދުވަހެއް، ތިހާ ރީތި ކުއްޖެއްގެ ނަން އެނގެން ބޭނުންނުވާނީ ކާކު؟ އެނަސީބު ލިބޭތޯ ބަލަމުން ދާތާ ކޮންދުވަހެއް، ތަގްދީރު އަހަރުމެން ދެމީހުން އެކަކު އަނެކަކާ ބައްދަލު ކުރުވައިފި، ދެން ނަންބުނެބަލަ، ޔަގީން ތިކުއްޖާހާ ނަންވެސް ރީތިވާނެކަން” ޝާއިން ކެރިގެން ވާހަކަދެއްކިއެވެ. ރަކި ހީލުމެއްގެ އަޑުއިވިގެން ދިޔައެވެ.

“ރޮޒޭން…” އެއަންހެން ކުއްޖާ އިސްޖަހާލައިގެން ހުރެ ބުނެލިއެވެ.

“ވަރަށް ރީތި ނަމެއް، ރޮޒޭން އަހަރެންގެ ފްރެންޑަކަށް ވެދާނަންތަ؟ އަހަރެން ވަރަށް ބޭނުން ރޮޒޭން އާއި ވާހަކަ ދައްކާލަން….” ޝާއިން އޭނަގެ ހިތުގެ އެދުން ކޮންމެވެސް ސިފައެއްގައި ހާމަކޮއްލެވޭތޯ އުޅުނެވެ.

“ހެ ހެ ހެ…އަހަރެން ފްރެންޑްވާން ބޭނުންނުވެއްޖެއްޔާ” ރޮޒޭން ހީލަމުން ބުނެލިއެވެ.

“ހާދަ ވަރަކަށް ތިހެނީ، ތިވަރަށް ހޭނީ ވަރަށް ހިތްހެޔޮ ކުދިން، އޯ ކާރާ ހަމައަށް އާދެވުނީ ދޯ، އަހަރެންނަށް ޖަވާބެއް ދީފަ ދާންވީނު، އެކަމަކު ބޭނުންވަނީ އަދިވެސް އިންތިޒާރުކުރުވަންކަމަށްވާނަމަ، އެންމެ ރަނގަޅު، އެކަން ކުރަންވެސް މިހިރީ ތައްޔާރަށް، މިހާރު ޔަގީންވެއްޖެ ރޮޒޭން އާއި އަހަންނަކީ ދުރުގައި ނުފެނި އުޅެވޭނެ ދެމީހުންނެއް ނޫންކަން، ބައި ދަ ވޭ، އައިއެމް ޝާއިން” ޝާއިން ހުއްޓިލަމުން ބުނެލިއެވެ. އޭރު ރޮޒޭން ދާންވި ކާރު މަގުގެ އަނެއްފަރާތުގައި އޮތެވެ.

“ފްރެންޑްސް…” ރޮޒޭން ކާރާ ދިމާލަށް ބަލަންހުރެ ބުނެލިއެވެ.

“ތޭންކްސް…” ޝާއިން މިހެން ބުނެ ސަލާމްކޮއްލުމަށް ރޮޒޭންއަށް އަތްދިއްކޮއްލިއެވެ. އެއަތުގައި ނުހިފަން ހުރެވެސް ރޮޒޭން ހިފީ ލަދުވެތިކަމާއިއެކުއެވެ. މަގުމަތީގައި އުޅޭ މީހުން ބަލާތޯ ބަލަމުންނެވެ. އެހިނދު ޝާއިން އޭނަގެ ޖީބުން ނެގި ގަލަމުން ރޮޒޭންގެ އަތްތިލާގައި އޭނަގެ ފޯނު ނަންބަރު ލިޔެލިއެވެ. ރޮޒޭންއަށް ލިބުނު ހައިރާންކަމާއިއެކު އަނގަހުޅުވިގެންދިޔައެވެ. އަދި އަވަސް އަވަހަށް ޝާއިންގެ އަތުން އޭނަގެ އަތްތިލަ ދައިގަތެވެ. ރަކިގޮތަކަށް ހެމުން މަގުހުރަސްކޮއްލާފައި އޭނަ ކާރަށް އަރައިފިއެވެ. ޝާއިން ހިނިއައިސްފައި ހުރެ އިރުކޮޅަކު ބަލަހައްޓައިގެން ހުއްޓެވެ.

“ކޮއްކޮވެސް ކާރުގަތަ ދަނީ” ކިޔާން ޝާއިންއަށް ބަލާލަމުން ބުނެލިއެވެ.

“ނޫން، ކޮއްކޮ ދާނީ ޝައިންބެ އާއިއެކު ސައިކަލުގަ” މިހެން ބުނެލަމުން ޝާއިން ޕާކިންޒޯންގައި ހުރި އޭނަގެ ސައިކަލާއި ދިމާލަށް ހިނގައިގެންފިއެވެ.

* * * * * * * * * * * * * * * * * * * * * * * * * *

އީލާކްގެ މަސައްކަތް މަސްދުވަސް ތެރޭ ނިންމާލެވޭނެ ކަމުގައި ހީކުރިނަމަވެސް އެއްކޮށް ނިންމާލުމަށް އެކަމަށް ދޮޅުމަހެއްހާ ދުވަސް ނެގިއެވެ. އޭނައަށްޓަކައި ޒައުލް ގާރޑަންވިއު ހުޅުމުވުމުގެ ރަސްމިއްޔާތު ފަސްކޮއްލާފައިވެއެވެ. އެއިން އެއްވެސް ކަމަކަށްވުރެ މުހިއްމު ސަމާލުކަމެއް އޭނަގެ އަމިއްލަ ދިރިއުޅުމަށް ދެވިފައި އޭނައަށްވެއެވެ. ޔޫހާ އާއި ކިޔާން އޭނަގެ ދިރިއުޅުމަށް ގެނައުމަށް އޭނަ ވިސްނަމުން ދިޔައެއްކަމަކު އެކަން ހާމަކުރާނެގޮތެއް އޭނައަކަށް ނޭގެއެވެ. ޔޫހާމެންގެއަށް އެންމެ ފަހުން އޭނަ ދިޔަދުވަހު ހިނގި ކަންތައްތަކަށްފަހު ޔޫހާ މަސައްކަތް ކުރަމުންދިޔައީ ޒައުލްއަށް ނުފެނި އުޅެވޭތޯއެވެ. އެކަންވެސް ޒައުލްއަށް އެނގެއެވެ. އެހެންނަމަވެސް ވަކިއެއްޗެއް އެކަމާ ބުނާކަށް ޒައުލް ބޭނުމެއްނުވެއެވެ. ޔޫހާގެ ޑިއުޓީގަޑީގައި ކޮންމެވެސް ވަގުތެއް ހޯދައިގެން އޭނަ ޔޫހާގެ ކުރިމަތިން ހުރަސް ކަނޑާނުލާ ދުވަހެއް އަދި ރެއެއް ނުދާނެއެވެ. އަދިވެސް އެހިތް ހޯދަން ކުރާނެކަމެއް ޒައުލްއަކަށް ނުވިސްނެއެވެ. ބައެއްފަހަރު ޔޫހާގެ ކަންތައްތަކުގައި މާއަވަސްއަރުވާލެވެނިއްޔޭވެސް އޭނަގެ ހިތަށްއަރައެވެ. އެކަމުގެ އިތުރުން އޭނަގެ ބޮލުގައި ލޫލުއާވެސް ވަނީ ޒިންމާއެއް އަޅުވާފައެވެ. ލޫލުއާއި ހާޒިމްގެ ގުޅުމުގެ ވާހަކަ މާމަ ލާއިގާ އާއި ހަމައަށް ގެންގޮސްނުދީގެން ލޫލުއާވެސް ޒައުލްގެ ބޮލުގައި ކޮށާވަރެއް މަދެއްނޫނެވެ.

ޔޫހާގެ ދިރިއުޅުމަށްވެސްވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ކިޔާން އޭނަގެ ބައްޕަ އާއި ބެހޭގޮތުން ސުވާލުކުރާތީއެވެ. އެސުވާލު ކިޔާންގެ ޅަސިކުނޑީގައި ހަރުލެއްވި މީހަކީ ޒައުލްއެވެ. ކޮންމެ ދެދުވަހުން އެއްދުވަކު ކަހަލަ ގޮތަކަށް އެގެއަށް އެކިވަރުގެ ޕާރުސަލް އާދެއެވެ. ކިޔާންއަށާއި ޔޫހާގެ ނަންމަތީއެވެ. ޝާއިން ޔޫހާ އާއި ސުވާލުކުރަމުން ދިޔައީ އެމީހެއްގެ ބޭނުމަކީ ކޮބާކަން ނޭގޭތީއެވެ. ޔޫހާއަށްވެސް އެސުވާލަށް ދޭނެ ޖަވާބެއް ނޭގެއެވެ. އަފްލީންއަށްވެސް ގެއަށް އަންނަން ހަދިޔާތަކަކީ ކިޔާންގެ ބައްޕަ ފޮނުވާއެއްޗެހިކަން އެނގުމުން އޭނަ ހުންނަނީ އެމީހަކު ދެކިލާހިތުން ކެތްމަދުވެފައެވެ. އެއީ ކާކުކަން އަފްލީންވެސް އެނގެން ބޭނުންވެއެވެ. އޭނަގެ ހިތުގައި ޒައުލް އާއިމެދު ނަފުރަތާ ރުޅިވެރިކަން ނެތަސް ޒައުލް ފެންނަ ވަގުތުތަކުގައި އެކަން އޭނައަށް ދައްކަން ޔޫހާ ބޭނުންނުވަނީއެވެ. އަދިވެސް ލޯބިވާކަން ހިތުގައި ފޮރުވާލައިގެން ހުންނަން ބޭނުންވަނީއެވެ. ޚާއްޞަކޮށް މިހާރު ޒައުލްގެ ހަގީގަތް އެނގުމާއިއެކުވެސް މެއެވެ. އެދެމީހުންނަކީ މުޅިން ތަފާތު ދެދުނިޔެ އެއްގައި ދިރިއުޅެމުން އަންނަ ދެމީހުން ކަމަށްވީތީއެވެ. ޔޫހާއަށް ކުއްލިއަކަށް ލިބުނު ޕްރޮމޯޝަންގައި އޭނަ އާއިއެކު މަސައްކަތްކުރާ ސްޓާފުން އަަޅައިގަތެވެ. އެކަމާ ޒައުލް އާއި ވާހަކަ ދައްކަން ބޭނުންވި ނަމަވެސް އޭނަގެ ކުރިމައްޗަށް އަރާނެހާ ހިތްވަރެއް ޔޫހާނެތެވެ. އަނެއްކޮޅުން ފައުޒީގެ ގާތަށް ކަމަކު ދާހިތެއް އަދި އަމުދުން ޔޫހާ މިހާރު ނުވެއެވެ. އޭނަ މިފަހަކަށް އައިސް ޔޫހާ އާއި ދިމާލަށް ބަލަނީވެސް ވައްތަރަކަށެވެ. އަދި ވާހަކަދެއްކުމުގެ ރާގުވެސް ހުންނަނީ ތަފާތުވެފައެވެ. ގޮތްނޭގޭ ފޯންކޯލުތަކެއްވެސް ޔޫހާއަށް ލިބެންފަށައިފިއެވެ. ބައެއްފަހަރު އޭނައަށް ފައުޒީގެ އަޑާއިވެސް ވައްތަރުވެއެވެ. އެހެނީ އެގުޅާ މީހަކީ ޕާކްވިއު ހޮޓެލްގައި މަސައްކަތްކުރާ މީހަކަށްވީކަމެވެ. އޭނަގެ ވާހަކަތަކުން އޭނަ ބޭނުންވެގެން އުޅެނީ ޔޫހާއެވެ. އެންމެ ރެއަކަށްވިޔަސް އޭނަ އާއިއެކު ހޭދަކޮއްލުމަށް އެހޮޓެލްގެ ކޮޓަރިއަކަށް ދިއުމަށެވެ. ޔޫހާ ހިތްފުރޭވަރަށް ފައިސާވެސް ލިބޭނެކަމުގައި އެމީހަކު ބުނެއެވެ. އެފޯންކޯލުގެ ވާހަކަ ޔޫހާ އެކަކު ކައިރީވެސް ނުބެނެއެވެ. އެހެނަސް އޭނަ ހުންނަނީ ވަރަށް ކަންބޮޑުވެފައެވެ. އެއީ ކާކުކަން ޔަގީން ނުވާތީއެވެ.

ހާޒިމްގެ ހިތުގައިވާ އެއްޗެއް އޭނަ ލޫލުއާއި ޙިއްޞާކުރިއެވެ. ކައިވެނީގެ މަތިވެރި ގުޅުމުން އޭނަ އާއި ގުޅެން ލޫލުއާ ރުހޭނުތޯއެހީ ތިންދުވަހުގެ ޗުއްޓީއެއް ހޭދަކޮއްލުމަށް ރިސޯޓަކަށް ލޫލުގޮސްހުއްޓައެވެ. އޭނައަށް އަންގާލުމަކާއި ނުލާ ހާޒިމް ރިސޯޓަށް ދިޔައީ ސީދާ އެބޭނުމުގައެވެ. ރޭވުންތެރިކަމާއިއެކުއެވެ. އޭނަ ޒައުލްގެ ހުއްދައަކަށްވެސް އެދުނެވެ. ޒައުލްއަކީ ފެންނަފެނުމަށް ބަސްމަދު ވަރުގަދަ ޝަހުސިއްޔަތެއްގެ ވެރިއެއްގެ ގޮތުގައި ދެއްކިއަސް ހާޒިމްއަށް އޭނަގެ އުސޫލުތަކާއި އޭނަގެ ވިސްނުންވަރަށް ކަމުދެއެވެ. އޭނަގެ ހިޔާލެއް ލޫލުއާއި ކައިވެނި ކުރުމާ ގުޅޭގޮތުން ހޯދަން ނިންމީވެސް އެހެންވެއެވެ. ޒައުލް އޭނަގެ ދޮންތަގެ ވާންއުޅޭ ފިރިމީހާއާއިމެދު އުފާކުރިއެވެ. ހާޒިމްއަށް އެކައިވެނި ކުރިއަށްދާނެކަމުގެ ޔަގީންކަންވެސް ދިނެވެ.

މިއަދަކީ އީލާކްގެ ފަރުމާތަށް ދައްކާލުމަށް ހަމަޖެހިފައި އޮތްދުވަހެވެ. ހެނދުނުއްސުރެން އޭނަ ތެޅިފޮޅެނީއެވެ. ރޭގަނޑު ހަތެއްޖަހާކަން ހާއިރު ފަށަން ހަމަޖެހިފައިވާ ޝޯގެ އެކިކަންތައްތައް ބެލުމަށްޓަކައި އީލާކް އުޅެމުންދިޔައީ ގާރޑަންވިއު ހޮޓެލްގައެވެ. ޒައުލްވެސް ހުރިހާ ކަމެއް މަޑުޖައްސާލުމަށްފަހު އީލާކްގެ ބޭނުންތަކަށް ހުސްވެގެން ހުއްޓެވެ. މަންސޫރާއި ލާއިގާ ނޫނީ އެހެންހުރިހާ އެންމެން ގާރޑަންވިއުގައި އީލާކްއަށް އެހީތެރިވުމުގައި އުޅެމުންދިޔައެވެ. އީލާކް ރަންވޭ ސްޓޭޖްގެ ވަށައިގެން ގޮނޑިޖަހަންވީ ދުރުމިން ބުނެދެމުން ރަންވޭމަތީ ފަރިތަކުރަމުން ދިޔަ މޮޑެލްސްތަކަށް ނަޒަރު ހިންގަމުންދިޔައެވެ.

“ޝުދޫ، ނަހޫއަށް އަދިވެސް ގުޅާލަބަލަ، އޭނަ ކައިރީ ބުނޭ އޭނަގެ މޮޑެލްސްތައް އަންނާނީ ކޮންިއިރަކުންހޭ…އެފަރާތުގަ ހުރި ރޫމް އެއީ އޭނަގެ ހުރިހާ ކަމަކަށް ތައްޔާރުކޮއްފަ ހުރި ރޫމެއް، މިރޯސްތައްވެސް ހުންނާނީ މިހާރު ހަރުކޮއްނިމިފަ، އަދި ބުނާތީ ހެއަރ ޑްރެސަރުންނާއި، މޭކަޕް ކޮއްދޭ މީހުން އޭނަ ބޭނުމިއްޔާ ގެނެޔަސް އެންމެ ރަނގަޅޭ، ނޫނީ މިކޮޅުގަ އެބައުޅެޔޭ އަހަރުމެން ދެމީހުންގެ މޮޑެލްސްތައް ތައްޔާރުކުރެވޭވަރަށް މީހުން….އެންޑް ޕްލީޒް، ބުނޭ އަވަސް ކުރާށޭ” އީލާކް ރަންވޭމަތިން ހިނގާލާފައި އައި މޮޑެލްއަކަށް ބޮނޑުވައި އިނގިލި ދައްކާލަމުން ބަރާބަރޭ ބުނެ އެއްފަރާތުގައި ހުރި ޝުދުފާގެ ގާތަށް ޖެހި ބުނެލިއެވެ.

“އެމީހުން އަދި ނާދެއެއްނު” ޝުދުފާ ބުނެލިއެވެ.

“މޭކަޕްކޮއްދޭ މީހުން އަންނާނީ ހަވީރު، ހަތަރެއް ޖަހާކަން ހާއިރު، އަހަރެން އެމީހުންނާއި ފޯނުން ވާހަކަ ދެއްކީމޭ، ނަހޫއަށް ވެގެން އުޅޭ ގޮތެއްނު އެހަށް ބަލަންވީ” އީލާކް ބުނެލިއެވެ. ޝުދުފާ އަވަސްވެގަތީ ނަހުލާއަށް ގުޅުމަށެވެ.

“އީކް، ހީޒް ދަ ޑީ.ޖޭ…މިރޭގެ ޝޯގެ، މޭޑީ މީ އީކް، ޑިޒައިނާރ އެންޑް އޯގައިނައިޒަރ” ޝުދުފާގެ ގާތުގައި ހުރި އީލާކް އެނބުރިލި ވަގުތު ހާޒިމް ހިނިތުންވެލާފައި އޭނަގެ ގާތުގައި ހުރި ޒުވާނާ އީލާކްއަށް ތަޢާރަފްކޮއްދިނެވެ. އީލާކްވެސް ހިނިތުންވެލާފައި ސަލާމްކޮއްލަމުން މިރޭގެ ޝޯގައި މިއުޒިކްގެ ރޯލަކީ ކޮބާކަން ކިޔާދެން ފެށިއެވެ. އެއާއިއެކު ހާޒިމް އެދެމީހުންނާއި ދުރަށް ޖެހިލައިފިއެވެ. ދުރުގައި ގޮނޑިއެއްގައި އެއްފައިމައްޗަށް އަނެއްފައި ލައިގެން ހަމަޖެހިލާފައި އިށީނދެގެން އިން ޒައުލް ހާޒިމްއަށް ފެނުނެވެ. އޭނަ އެންމެންތައް އުޅެމުން ދިޔަ ގޮތް ބަލަމުން ދިޔައެވެ. އަދި ރަންވޭމަތީގައި ހިނގަމުން ދިޔަ ރީތި އަންހެން ކުދިންނަށް ބަލަމުންދިޔައީ ލާނެއްގޮތަކަށެވެ. އެހެނީ އެތަނުން ގިނަ އަންހެން ކުދިންގެ ނަޒަރުގައި އޭނައަށް ހުއްޓެމުންދާތީއެވެ. އަދި އޭނައަށް އެއަންހެން ކުދިންގެ ފަރާތުން ލިބެމުންދިޔަ ދައުވަތުގެ ހިނިތުންވުން ފެނިފައެވެ. ހިތާހިތާ އެއިން ކޮންމެ އަންހެން ކުއްޖަކަށް އޭނަ އިންސާފުކުރަމުން ދިޔައެވެ.

“ޒައުލް…” ހާޒިމް ޒައުލްއަށް ގޮވާލަމުން އޭނަގެ ގާތުގައި އިށީނެވެ.

“އެނީވަން ގުޑް އިނަފް” ހަޒީމްވެސް ޒައުލްގެ ނަޒަރު ހުއްޓިފައިވާ ދިމާލަށް ބަލާލަމުން އަހާލިއެވެ.

“ހެ ހެ ހެ…..” ލުއިގޮތަކަށް ޒައުލް ހީލިއެވެ. އެހިނދު ހާޒިމްގެ ހުނުމުގުގެ އަޑުވެސް އިވިގެންދިޔައެވެ.

“ދޮންތަ ކޮބާ؟” ގޮނޑިއަށް ހަށިގަނޑު ދޫކޮއްލައިގެން އިން ޒައުލް ހަމަޖެހިލާ ހަށިގަނޑު ތެދުކޮއްލަމުން ހާޒިމްގެ ގާތު އަހާލިއެވެ.

“އީކް ދިން ލިސްޓުގައިވާ ގޮތަށް މިތަނުން ކޮންމެ އަންހެން ކުއްޖަކު ލާންވީ ހެދުން ވަކިކުރަނީ، ދެން ނޭގެ، ގާލްސް އޮންލީ ނޯސް ދީސް ސްޓަފް….އައި ޑޯންޓް ގެޓް އިޓް” ހާޒިމް ބުނެލިއެވެ.

“ދޮންބޭ” ކުއްލިއަކަށް އީލާކް ގޮވާލި އަޑުއިވުނެވެ.

“ޔެސް މައި ޑިއަރ” ޒައުލް އަވަސް އަވަހަށް ތެދުވަމުން ބުނެލިއެވެ. އަދި އީލާކްގެ ގާތަށް ހިނގައިގަތެވެ.

“އިންވިޓޭޝަން ކާޑު ފޮނުވިންތަ؟” އީލާކް އުނަގަނޑުގައި ދެއަތް އަޅުވާލަމުން ބުނެލިއެވެ.

“ކާކަށް” ޒައުލް އަހާލީ ހައިރާންވެފައެވެ.

“ދޮންބެއަށް އެނގޭނެ އަޅުގަނޑު މިއަހަނީ ކާކަށް އިންވިޓޭޝަން ފޮނުވިތޯކަން” އީލާކް ނިތަށް ރޫއަރުވާލަމުން ބުނެލިއެވެ.

“އެމީހުންނަށް ފޮނުވުން އެހާ މުހިއްމުތަ، ފޮނުވިޔަސް ހިޔެއްނުވޭ އަންނާނެހެނެއް” ޒައުލް ފޫހިގޮތަކަށް ބުނެލިއެވެ.

“އޯ ކަމޯން ދޮންބޭ، ތީގެ މާނައަކީ ދޮންބެ ކާޑެއް ނުފޮނުވަމޭތަ، ކީއްވެ، އެއީ އަޅުގަނޑުގެ މަންމައޭ، މީ އަޅުގަނޑުގެ ޝޯއެއް، މިޝޯއަށް އަޅުގަނޑު ބޭނުން މީހަކަށް އާދެވެން ޖެހޭނެއެއްނު” އީލާކް ދެރަވެފައި ބުނެލިއެވެ.

“ފޮނުވީމޭ، އީއްކޮ ބޭނުންވާގޮތަށް ހުރިހާ ކަމެއްވެސް ވާނީ، އޯކޭ އެއްނު، ދެން މޫޑީ ނުވޭ…ހަވީރު ހަތަރެއް ޖަހަންވާއިރަށް އަދި ގެއަށްގޮއްސައެއްނު އާދެވޭނީވެސް، ހުރިހާ ކަމެއް ފައިނަލް ކުރޭ އަވަހަށް….” ޒައުލް ބުނެލިއެވެ.

“ތޭންކްސް، މިނިމުނީއޭ” އީލާކްގެ މޫނުމައްޗަށް އުފާވެރިކަމެއް ވެރިވެގެންދިޔައެވެ. އަދި މިހެން ބުނެލާފައި ޒައުލް އާއި ދުރަށް ހިނގައިގަނެއްޖެއެވެ.

* * * * * * * * * * * * * * * * * * * * * * * * * *

ޝާއިން ޑިއުޓީ ނިންމާފައި ގެއަށް އައިގޮތަށް އެންމެ ފުރަތަމަވެސް ކުރިކަމަކަށްވީ ރޮޒޭންއަށް ގުޅާލުމެވެ. އެހެންނަމަވެސް އޭނަ ފޯނެއްނުނަގައެވެ. އިރުކޮޅަކުން އައީ މެސެޖެކެވެ. މިވަގުތު ވަރަށް ބިޒީކަމުގައެވެ. އަދި ބޮޑު ހަފްލާއެއްގައި އިންކަމާއި އެކަން ނިމުނުހާ އަވަހަކާ ޝާއިންއަށް ގުޅާނެކަމަށެވެ.

“އޯކޭ….” ޝާއިން ބޮލުގައި އަތްހާކާ ލަމުން ފޯނަށް ބަލަންހުރެ ބުނެލިއެވެ.

“ދޮންބޭ، ސައިހަދަންވީތަ؟” ޝާއިންގެ ދޮރުގައި ޓަކި ޖަހާލި އަފްލީން ބުނެލިއެވެ.

“ނޫން، އަދި ފަހުން” ސިހިގެންދިޔަ ޝާއިން އަވަސް އަވަހަށް ޖަވާބުދިނެވެ.

ޔޫހާވެސް ހެނދުނު ޑިއުޓީ ނިންމާފަ ގެއަށްދާން ނުކުތްވަގުތު އޭނަގެ ފޯނަށް ކޯލެއް އައެވެ. އަތްދަބަހުގެތެރޭގައި އޮތް ފޯނުނަގާ ބަލާލުމާއިއެކު އޭނަގެ މޫނުމަތިން ފޫހިކަން ފެނިގެންދިޔައެވެ. ދެފަރާތަށް ނަޒަރު ހިންގާލުމާއިއެކު ފޯނު ނިއްވާލިއެވެ. އަދި ބާރު ހިނގުމުގައި އަވަސްވެގަތީ ހޮޓެލާ ވީހާވެސް ދުރަށް ދިއުމަށެވެ.

* * * * * * * * * * * * * * * * * * * * * * * * * *

ނަހުލާ ފޯނުނުނަގައިގެން ކަންބޮޑުވެފައި ހުރި އީލާކްއަށް ހަމަޖެހުމެއް ލިބުނީ ގާޑަންވިއުގެ ލޮބީއަށް ވަދެގެން އައި ނަހުލާ ފެނުމުންނެވެ. އަވަސް އަވަހަށް އޭނަގެ ގާތަށް ގޮސް ޝަކުވާކުރަންފެށިއެވެ. ނަހުލާވެސް ހުރީ ވަރަށް ހާސްވެފައި ހުރިހެން ހީވެއެވެ.

“ސޮރީ، އީކް، އަހަރެންވެސް ވަރަށް ބިޒީވީމަ، ނުގުޅުނީ، ހިއެއްނުކުރަން އާދެވޭނެ ކަމަކަށްވެސް” ނަހުލާ ބުނެލިއެވެ.

“މިފަޅީގަ ނަހޫގެ ހުރިހާ ކަމެއް ކުރިއަށްދާނީ، ރަންވޭއަށް ކުރިން ނުކުންނާނީ އަހަރެންގެ މޮޑެލްސްތައް، އެފަރާތުން، ނަހޫގެ މޮޑެލްސްތައް ނުކުންނާނީ މިކޮޅުން…..” އީލާކް ނަހުލާއަށް ހުރިހާ ކަމެއް ކިޔާދެމުންދިޔައެވެ. މުޅި ޝޯ ރޭވިފައިވާ ގޮތުގެ ތަފްޞީލެވެ.

“ކޮބާ ހެދުންތައް؟” ކުއްލިއަކަށް ކަމެއް އުނިވާހެން ހީވެ އީލާކްއަށް އަހާލެވުނެވެ.

“ހެދުންތައް އަންނާނީ އެންމެ ފަހުން، ފަސްގަޑި ބައިވަން ވާއިރަށް މިކޮޅަށް ހެދުންތައް އަންނާނެ” ނަހުލާ އީލާކްއަށް ބަލާލަމުން ބުނެލިއެވެ.

“އޭރުން ލަހެއް ނުވާނެތަ؟” އީލާކް ހައިރާންކަމާއިއެކު އަހާލިއެވެ. ނަހުލާ އާއި އީލާކް އެކިއެކި ވާހަކަތައް ދައްކަމުންގޮސް ނަހުލާއަށް ޚާއްޞަކުރެވިފައިވާ ބަޔަށް ވަނެވެ. ނަހުލާ އީލާކްގެ ގާތުން އަނެއްކާވެސް ކަމަކަށް އެދުނެވެ. އެއީ ޝޯގައި ފުރަތަމަ އޭނަގެ ޑިޒައިންތައް ދައްކާލުމަށް ފުރުޞަތު ދިނުމަށެވެ. އީލާކްއަށް ނަހުލާ އެހެން އެދުނީތީ އިތުރު ހައިރާންކަމެއް ވެރިވެގެން ދިޔައެވެ. ބާއްވަން އުޅޭ ޝޯގެ ހުރިހާ ކަމެއް ކުރީ އީލާކް އާއި އޭނަގެ އާއިލާއެވެ. އަނެއްކޮޅުން މިޝޯއަކީ އޭނަގެ ހުވަފެނެކެވެ. މިޝޯގައި ނަހުލާ ބައިވެރިވުމަށް ފުރުޞަތު ދިނީވެސް ދެމީހުންގެ ރަޙުމަތްތެރިކަމަށްޓަކައެވެ. ނަމަވެސް ނަހުލާގެ ވާހަކަތައް ހުރިގޮތުން މިޝޯއަކީ އޭނައަށް ޚާއްޞަކުރެވިފައިވާ ޝޯއަކަށް ހަދަން ބޭނުންވާކަހަލައެވެ. އީލާކް އެކަމާ އެއްބަސްނުވިއެއްކަމަކު ނަހުލާގެ އެތަށް އަަތަށް އާދޭހަކާއިއެކު އޭނަ އެންމެފަހުން އެއްބަސްވެއްޖެއެވެ. އެހެންނަމަވެސް ކޮންމެވެސް ވަރެއްގެ ހިތްހަމަނުޖެހުމެއް ހިތުގައި ފޮރުވިފައިވިއެވެ. ނަހުލާއަށް އެކަން އީލާކް ސިއްރުކުރިއެވެ. އަދި މުސްތަޤުބަލުގައި ނަހުލާ އާއިއެކު މިފަދަ ޝޯއެއްގައި ބައިވެރިވުމުގެ ހިޔާލުވެސް އޭނަ ދޫކޮއްލިއެވެ. އެހެނީ މިއީ އަދި މިކަން ވާންޖެހޭނެ ގޮތްނޫންވީމައެވެ. ނަހުލާއަށް ހުރިހާ ކަމެއް އެނގޭއިރުވެސް އޭނަގެ އަމިއްލަ އެދުން އެހާ ކުރިއަށް ނެރެންވީ ސަބަބެއް އީލާކްއަކަށް ނުވިސްނުނެވެ. ފޫހިވެފަ ހުރެގެން އޭނަ އެތަނުން ނުކުމެގެން އޭނަގެ ފަރުމާތަށް ދައްކާލުމަށް ހަމަޖެހިފައިވާ މޮޑެލްސްތަކުގެ ގާތަށް ދިޔައެވެ.

“ޔޫހާ…” ޝާއިން ޔޫހާގެ ކޮޓަރި ދޮރުގައި ޓަކިޖަހާލަމުން ގޮވާލިއެވެ. ޖަވާބެއް ނުލިބުމުން ޔޫހާގެ ކޮޓަރި ތަޅުގައި ހިފާ އަނބުރާލި ތަނާހެން ދޮރުހުޅުވިއްޖެއެވެ. ކޮޓަރީގައި އަދި ފާހާނާގައިވެސް އެކަކުވެސް ނޫޅެއެވެ.

“އަފޫ، ޔޫހާ އަދި ގެއަށް ނާންނަތީތަ، ފޯނެއްވެސް ނުނަގާ” ޝާއިން އަފްލީންގެ ކޮޓަރީގައި ޓަކި ޖަހާލުމަށްފަހު ދޮރުހުޅުވާލާފައި ބުނެލިއެވެ. އޭރު އަފްލީން އެނދުގައި ބަންޑުން އޮށޯވެލައިގެން ފޯނުން މީހަކާ ވާހަކަދައްކަމުން ދިޔައެވެ.

“ކީކޭ…” ޝާއިން ފެނުމާއިއެކު ފޯނު ކަންފަތާ ދުރަށް ޖައްސާލަމުން އަފްލީން ބުންޏެވެ. ޝާއިން އޭނަގެ ސުވާލު ދެވަނަ ފަހަރަށް ތަކުރާރުކޮއްލިއެވެ.

“ޔޫހާވީ ކިޔާން ބަލާގޮސް، ދޮންބެ ޔޫހާ ތިހޯދަނީ ސްކޫލް ދޮށަށް ދިޔަތޯ ބަލަންތަ؟” އަފްލީން ބުނެލިއެވެ.

“ހޫމް، ދެން އެންމެ ރަނގަޅު، ތިބުނީނު ޔޫހާ ގޮސްފިޔޭ ކިޔާން ބަލާ” ޝާއިން މިހެން ބުނެލަމުން އަފްލީންގެ ކޮޓަރީގެ ދޮރުލައްޕާލިއެވެ. އަދި ނުކުމެ ސިޓީން ރޫމު ސޯފައި އިށީނދެލީ ޔޫހާ އަންނާނެ އިރެއްގެ އިންތިޒާރުގައެވެ.

* * * * * * * * * * * * * * * * * * * * * * * * * *

ގާރޑަންވިއުގެ ހުރިހާ އިންތިޒާމެއް އެންމެ ފުރިހަމަ ގޮތުގައި ނިންމާލެވުމާއިއެކު އީލާކް އާއި އޭނަގެ އާއިލާ ގެއަށްދިޔައީ އެންމެ ފަހުގެ ތައްޔާރީތައް ވުމަށްޓަކައެވެ. އެހެންނަމަވެސް އީލާކްއަށް ނަހުލާގެ ސަބަބުން ލިބުނު ހިތްހަމަ ނުޖެހުން ފިލައިގެން ނުދެއެވެ. އެހެންމީހުންނަށްވުރެ ކުރިން ޝުދުފާ އާއި ރޮޒޭންއަށް މިކަން ފާހަގަކުރެވިގެން އީލާކް އާއި ސުވާލުކުރިއެވެ. ނަމަވެސް އޭނަގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުނެވެ.

“އީކް، ދިސް އިސް ޔޯ ބިގް ޓައިމް، އަދިވެސް ތިހުންނަނީ މޫޑީވެފަ، ވަޓް ހެޕަން ޑިއަރ” ރީތިވާ މޭޒުގެ ލޯގަނޑަށް ބަލަހައްޓައިގެން ހުރި އީލާކްއަށް އޭނަގެ ފަހަތުގައި ހުރި ލޫލުއާ ބުނެލިއެވެ.

“ކަމެއްނުވޭ ސިސް، ދޮންބެއަށް ގުޅައިފިންތަ…” އީލާކް އަހާލިއެވެ.

“ކީއްކުރަން ޒައުލްއަށް ގުޅަނީ، މިއަދު މިގޭ އެކަކަށް އެއްކަމެއްވެސް ހަނދާންކޮއްދޭކަށް ނުޖެހޭނެ، އެންމެންވެސް ތިބީ އީއްކޮގެ ފަންކަޝަނަށް ހުރިހާ ގޮތަކުން ތައްޔާރުވެގެން، އެނގޭތަ، މާމަ ހުންނެވީ ވަރަށް އުފަލުން، ފުރަތަމަ އުޅުނީ އަހަރުމެން ދާއިރު ދާންވެގެން، އެކަމަކު ޒައުލްކޮއްކޮ ވިސްނާދެއްވުމުން ބައްޕަ އާއިއެކު މެހެމާނުން ދުރުވާ ގަނޑިއަށް ގާޑަންވިއުއަށް އައުން ލަސްކުރެއްވި، ޒައުލްކޮއްކޮ ހުރީ ވަރަށް ސީރިއަސްވެފަ އެނގޭ، އީއްކޮއްގެ ހުރިހާކަމެއްވެސް ބަރާބަރަށް ދިއުމަށް އެންމެނަށް އަމުރުކުރި” ލޫލުއާ ހިނިއައިސްފައި ވާހަކަދައްކަމުންދިޔައެވެ.

“ލެޓްސް ގޯ” އީލާކް ތައްޔާރުވެ ނިމިގެން އޭނަގެ ޝޯއަށް ބޭނުންވާނެ ހުރިހާ ގަހަނާސެޓުތަކެއް ނަގަމުން ލޫލުއާއަށް ބުނެލިއެވެ.

“ހުރިހާ އެއްޗެއް އެބަ ގެންދަންދޯ” ލޫލުއާ އަނެއްކާވެސް ޔަގީންކޮއްލަން ބޭނުންވީއެވެ.

“ހޫމް، މިނިމުނީ، ދެންހުރި ހުރިހާ އެއްޗެއް އެކޮޅަށް ގެންދެވިއްޖެ، ހިނގާ ދެން ދާން، މޭކަޕް ސްޓައިލިސްޓުންނާއި ހެއަރ ސްޓައިލިސްޓުން އަންނަން ވާއިރަށް އަޅުގަނޑު އެތަނުގަ ހުންނަންވާނެ” އީލާކް ބުނެލިއެވެ.

މަންސޫރު އާއި ވާހަކަދައްކަން ސިޓިންރޫމުތެރޭގައި ހުރި ޒައުލް އާއި ހާޒިމްގެ ނަޒަރު ހުއްޓިގެން ދިޔައީ ލޫލުއާއި އީލާކް އަށެވެ.

“ބިއުޓިފުލް….” އިޙްތިޔާރަކާއިނުލައި ހާޒިމްއަށް ބުނެލެވުނެވެ. ބުނެވުނު އެއްޗަކާއިމެދު ވިސްނާލެވުނީ ދެނެވެ. އޭނަ ކަންބޮޑުވެފައި މަންސޫރު އާށާއި ޒައުލްއަށް އަވަސް ނަޒަރެއްދިނެވެ.

“ހެ ހެ ހެ…ޔަގީންތާ، ރީތިވާނެއެއްނު، އެއީ މަންސޫރުގެ ދެއަންހެން ދަރިންވިއްޔަ ދޯ” މަންސޫރު އޭނަގެ ދެއަންހެން ދަރިންނާއިމެދު ފަޙުރުވެރިވާފަދަ ގޮތަކަށް ބަލާލަމުން ބުނެލިއެވެ. އީލާކް އާއި ލޫލުއާ ބައްޕަ ބުނުއްވި އެއްޗަކުން ހިނިއައިސްފައި ތިބެ ދިއުމުގެ ހުއްދައަކަށް އެދުނެވެ.

“ޒައުލް، ދަރިފުޅު ކޮއްކޮއަށް ބަލައްޗޭ، މިއަދުމީ އަހަރުމެންގެ އީލާކްއަށް ވަރަށް ޚާއްޞަ ދުވަހެއް، ބައްޕަ މިހުރީ ވަރަށް އުފަލުން…އޯލް ދި ބެސް މައި ޗައިލްޑް” މަންސޫރު މިހެންބުނެ އީލާކްގެ ކޮނޑުގައި ދެއަފަރާތުން ހިފާ ހިނިތުންވެލިއެވެ. އެހިނދު ސިޑިން ފައިބައިގެން އައި ލާއިގާވެސް އީލާކްއަށް ދެއަތްދިއްކޮއްލިއެވެ. ހިނިތުންވެލައިގެން ހުރި އީލާކް މާމަ ލާއިގާގެ ގާތަށް ދިޔައެވެ.

“މާމާ ދަރިފުޅުގެ ތިޚާއްޞަ ހަފްލާއަށް ދާހިތުން މިހުރީ ކެތްމަދުވެ، ވަރަށް އުފަލުން މިހުރީ، މާމާގެ ކުޑަކުޑަ އިލާކްއަކީވެސް ކިހާ ހުނަރުވެރި ކުއްޖެއްކަން މިއަދު މުޅި ރާއްޖެއަށްވެސް އެނގިގެންދާނެ، ﷲ ދަރިފުޅުގެ މަސައްކަތުގައި ބަރަކާތްލައްވާށި، އަދި ދަރިފުޅަށް ތިކަމުން ކާމިޔާބު ލިބުން މާމަގެ ދުޢާއަކީ” ލާއިގާ އީލާކްގެ އުނަގަނޑުގައި ހިފާ ގާތްކޮއްލައިގެން ގޭގެ ދޮރާހަމައަށް ދަމުން ވާހަކަދެއްކިއެވެ.

ޒައުލްގެ ކާރުގައި އީލާކް އިންއިރު ލޫލުއާ އެރީ ހާޒިމްގެ ކާރަށެވެ. މިމަންޒަރު ދުރުގައި ގޭގެ ދޮރުމަތީ ހުރި ލާއިގާއަށް ފެނުނެވެ. އަދި ހިތުގައި ސުވާލުތަކެއް އުފެދިގެން ދިޔައެވެ. އެސުވާލުތަކާއިއެކު ސިކުނޑިގައި ހިޔާލުތަކެއް އެނބުރިގަތެވެ. މަޑުމަޑުން ގޭތެރެއަށް ހިނގައިގަތްއިރު މަންސޫރު ސިޑިން މައްޗަށް އަރަނީއެވެ.

“ދަރިފުޅާ، އެހަށް އާދެބަލަ، ވާހަކައެއް ދައްކާލަންކަމަށް” ލާއިގާ އަވަސް އަވަހަށް މަންސޫރަށް ގޮވާލާފައި ބުނެލިއެވެ.

“ކީކޭތޯ މަންމާ” މަންސޫރު މަތީ ހަރުފަތަށް ނަގަނަގާހުރި ފައިތިލަ މަޑުޖައްސާލާފައި އެނބުރިލަމުން ބުނެލިއެވެ. އަދި ސިޑިން ތިރިއަށް ފައިބައިގެން ލާއިގާގެ ގާތަށް އަަންނަފެށިއެވެ.

“މިއަންނަނީ ހާޒިމް، މަންމައަށް ހީވަނީ އަހަރުމެންގެ ލޫލުއާއަށް ވަރަށް ކަމުދާ ކުއްޖެއްހެން އެއީ” ލާއިގާ ބުނެލިއެވެ.

“ކީއްވެތޯ މަންމަ ތިހެން ތިބުނުއްވީ” މަންސޫރު ހިނިއައިސްފައި ބުނެލިއެވެ.

“މަންމައަށް ހީވަނީ ދަރިފުޅަށްވެސް މިކަން ކޮންމެވެސް ވަރަކަށް އެނގޭހެން، އެހެންނޫނީ ތިގޮތަށް ހިނިއައިސްފައެއް ނުހުންނާނެ، މިހާރު ދެތިން ދުވަހަކު މަންމަ ދެކެފީމޭ ލޫލުއާ ހާޒިމްގެ ކާރުން ފައިބަނިކޮށް، އެދެކުދިން އެކަކު އަނެކަކަށް ބަލާލާފަ ހިނިތުންވެލާގޮތުންވެސް މަންމައަށް ނަގައިގަނެވުނީ އެހެންކަމެއް، ހީވަނީ ރައްޓެހި ރަޙުމަތްތެރިކަމަށްވުރެ އެދެމެދުގައިވާ ގުޅުން ބަދަހިވެ ގާތްވެއްޖެހެން” ލާއިގާ އޭނަގެ ސިކުނޑީގައި އުފެދުނު ހުރިހާ ހިޔާލެއް ދުލުން ބޭރުކޮއްލިއެވެ.

“އަޅުގަނޑަށްވެސް ހީވަނީ މަންމަތިބުނުއްވި ގޮތަށް، އެކަމަކު އަދި މިހުންނަނީ ކުދިންގެ ކަންތައްތަކާ ނުބެހެން ކަމަށް، މިބުނީ ހާޒިމްއަކީ ރަނގަޅު އަޙުލާގެ ލިބިފައިވާ ޒުވާނެއްގެ އިތުރުން އަޅުގަނޑު އިތުބާރުކުރާ ރަނގަޅު އާއިލާއަކުންވެސް އައިސްހުރި ކުއްޖެއް، އެކުދިންގެ މެދުގައި އެފަދަ ގުޅުމެއްވާނަމަ އަޅުގަނޑުމެންނާއި ހަމައަށް އެވާހަކަ ހިފައިގެން އަންނާނެކަން ޔަގީން…މަންމާ، އަޅުގަނޑަށް ފެންނަގޮތް މިބުނީ، އެހާ އަވަސް އަރުވާލާކަށް ނުފެނޭ، އެކުދިން ބޭނުންގޮތަކަށް މިކަން ކުރިއަށް ގެންދިއުމަށް ފުރުޞަތުދީގެން އަދި ތިބެންވީހެން ހީވަނީ” މަންސޫރު އޭނަގެ ހިޔާލު ފާޅުކުރިއެވެ.

* * * * * * * * * * * * * * * * * * * * * * * * * *

“ޒަރާ، ޔަގީންތަ ޒަރާ ދާންބޭނުންވާކަން، އަހަރެންގެ އެއްވެސް މައްސަލައެއްނެތޭ ޒަރާ ނުދިޔަސް، އަހަންނަށް އެނގޭ އެމީހުންގެ ކުރިމައްޗަށް މިހާ ޒަމާންކޮއްފައިވިޔަސް އަރަންޖެހުމުން ޒަރާ ޖެހިލުންވާނެކަން” ފެންވަރައިގެން ނުކުމެ ރީތިވާ މޭޒުގެ ކައިރީ ހުރި ކުޑަގޮނޑީގައި އިށީނދެލައިގެން ހިޔާލުތަކެއްގެ ތެރެއަށް ގެއްލިފައި އިން ޒަރާނާގެ ކުރިމަތީ ކުޑަކަކޫ ޖަހާލި އާފާގު ބުނެލިއެވެ. އަދި ޒަރާނާގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން ޒާރާނާގެ ލޮލަށް އާފާގު ބަލާލިއެވެ.

“އާފާގު، މިހާ ދުވަސްވިއިރު މިކަހަލަ ކިތަށް ހަފްލާ ބާއްވަނީ…އެކަމަކު ދައުވަތު ކާޑެއް ނާދެއެއްނު، އީލާކްއަކީ އަހަރެންނާ މަންސޫރުގެ އެންމެ ހަގުދަރިފުޅު، މީ އެދަރިފުޅު އަހަންނަށް ފޮނުވި ދައުވަތެއް، އެކަމަށް ފުރަގަސްދޭނެހާ ހިތްވަރެއް އަހަރެންގެނެތް…” ޒާރާނާ ދެރަވެފައި އިނދެ ބުނެލިއެވެ.

“އެކަމަކު…އެކަމަކު، އެމީހުންގެ ބޭނުމަކީ ކޮބާކަމެއްނޭގެ، އަހަރެން ވަރަށް ޖެހިލުންވޭ، ޒަރާ ދެރަވާކަހަލަ ޢަމަލެއް އެމީހުން ހިންގައިފިއްޔާ އަހަރެން ވަރަށް ދެރަވާނެ” އާފާގު ކަންބޮޑުވުމުގެ ރާގެއްގައި ބުނެލިއެވެ.

“އާފާގު، ތިހާ އަވަހަށް ކަންބޮޑުނުވެބަލަ، އަހަރެންނަކީ ކެތްކުރަން އެނގޭ އަންހެނެކޭ، ދެން ތިވަރަށް އާފާގު ބުނަންޏާ ދިއުމާ ދޭތެރޭ އަހަރެން ވިސްނާނަން، ދެން ދޭ ފެންވަރާ ތާޒާ ވެލަން” ޒަރާނާ އާފާގުގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

އިސްތަށިގަނޑުގައި ފުނާއަޅަމުން ޒަރާނާ ނުކުތީ ގޭގެ ބިއްދޮށުގައި ހަދާފައި އޮންނަ ކުޑަބަގީޗާއަށެވެ. މަޑުމަޑުންގޮސް އުނދޯލީގައި އޭނަ އިށީނދެ ބޮލުގެ އިސްތަށިގަނޑުގައި ފުނާއަޅަމުން ދިޔައެވެ. އެހެންނަމަވެސް އޭނަގެ ސިކުނޑީގައިވަނީ އީލާކް ހަނދާންތަކެވެ. ތުއްތު ތުއްތު އީލާކް މިދުނިޔެއަށް ނޭވާލީ ވަގުތުގެ ހަނދާނެވެ. އެހެންނަމަވެސް ހާލަތު ނިޔާކުރި ގޮތުން އެދަރިފުޅު ދޫކޮއްލަން ޖެހުނުގޮތުގެ ހަނދާންތަކެވެ. އޭނަގެ ހިތްވެސް ތެޅެމުންދިޔައީ އީލާކް ބަލާލާހިތުންނެވެ. އެދަރިފުޅު ބޮޑުވެއްޖެކަން އޭނައަށް އެނގެއެވެ. އެހެންނަމަވެސް އީލާކް ދެކިލުމުގެ ފުރުޞަތެއް އޭނައަކަށް ނުލިބެއެވެ. އައްޔަދު އާއި އީލާކްގެ މެދުގައި ހުންނާނީ ދޮޅުއަހަރުގެ ތަފާތޭ ޒަރާނާގެ ހިތަށް އަރަމުންދިޔައެވެ. އަނެއްކޮޅުން އީލާކްގެ އެދައުވަތަކީ މިވީ ހުރިހާ ދުވަހެއްގެ ޝަކުވާކުރުމަށްޓަކައި ހޯދަންއުޅޭ ފުރުޞަތެއްބާއޭވެސް ޒަރާނާގެ ހިތަށް އެރިއެވެ.

* * * * * * * * * * * * * * * * * * * * * * * * * *

ގާޑަންވިއުގައި އީލާކްއަށް ޚާއްޞަކުރެވިފައިވާ ބައިގައި އޭނަގެ އެންމެ ގާތް ރަޙުމަތްތެރިންގެ ތެރެއިން ޝުދުފާ އާއި ރޮޒޭން އުޅެއެވެ. އަދި ލޫލުއާވެސް ހުއްޓެވެ. އެންމެން ހޭބޯނާރާ އުޅެމުންދިޔައެވެ. ލޯގަނޑުތަކުގެ ކުރިމަތީ މޮޑެލް ކުރާ އަންހެން ކުދިންތައް އިށީނދެލައިގެން ތިބިއިރު މޭކަޕްކޮއްދޭ މީހުންނާއި އިސްތަށިގަނޑު ސްޓައިލްކޮއްދޭ މީހުންތައް އެމީހުންގެ ވަށައިގެން އުޅެއެވެ. އީލާކް ހެދުންތަކާއި އޭނަގެނައި ގަހަނާ ތަކާއި ގުޅުވަމުން ކޮންމެ މޮޑެލްއަކަށްވީ ފުރިހަމަ ސެޓުވަކިކުރަމުންދިޔައެވެ. ރަންވޭ ސްޓޭޖްގެ އަނެއްފަރާތުގައި ނަހުލާގެ މަސައްކަތްކުރިއަށްދިޔައެވެ. އޭނަގެ ވަށައިގެންވާ މާހައުލުވެސްވަނީ ހަލަބޮލިވެފައެވެ. އެހެންނަމަވެސް އިރުއިރުކޮޅާ އޭނަގެ ފޯނުން ކޮންމެވެސް މީހަކަށް މެސެޖުކޮއްލައެވެ. މިއުޒިކު ސާމާނުތައް ޓެސްޓުކުރުމަށް އެކަމަށް ޚާއްޞަކުރެވިފައިވާ މީހުން އުޅެއެވެ.

މެހެމާނުން އަންނަންވާއިރަށް ނަސީބަކުން އީލާކް އާއި ނަހުލާގެ ފަރުމާތަށް ދައްކާލަން ހަމަޖެހިފައިވާ މޮޑެލްސްތަކުގެ ހުރިހާ ކަމެއްހެން ނިމިއްޖެއެވެ. ގާޑުންވިއުގެ ގޭޓުން ތަފާތުދާއިރާތަކުގެ މާހިރުންނާއި އާއިލާގެ ގާތް ރަހުމަތްތެރިންނާއި ތިމާގެ މީހުންވެސް އަންނަމުންދިޔައެވެ. އަދި ނުވިތާކަށް މީޑިއާގެ އެކިފަރާތްތަކަށްވެސް ވަނީ ދައުވަތުއެރުވިފައެވެ. ލޫލުއާއި ޒައުލް މަންސޫރު އާއި ލާއިގާ ތިބެންވި ގޮނޑީގެ ގާތަށް ގެންގޮސްދިނެވެ. އަދި ޒައުލް އެނބުރި ގާރޑަންވިއު ހޮޓެލްގެ ދޮރުކައިރީ ހުރި ހާޒިމްގެ ގާތުގައި ގޮސް މަޑުކޮއްލީ މެހެމާނުންނަށް މަރުޚަބާ ކިޔުމަށެވެ. މީހުންތަކުގެ ތެރެއިން ދޮރުން ވަތް ދެމެހެމާނަކު ފެނި ޒައުލްގެ މޫނުމަތީގައިވި ހިނިތުންވުން ގެއްލިއްޖެއެވެ. އޭނަ އަވަސް އަވަހަށް މޫނު އަނބުރާލުމާއިއެކު ހާޒިމްގެ ކޮނޑުގައި ޖަހާލިއެވެ. އަދި ހާޒިމްއަށް ހިނިތުންވެލަމުން އެބައަންނަން ކަމުގައި ބުނެ ދުރަށް ހިނގައިގަތެވެ.

ގާރޑަންވިއު ހޮޓެލްގެ ދެފަރާތަށް ހުޅުވާލެވިފައިވާ ބޮޑު ދޮރުން އެތެރެއަށްވަތް ޒަރާނާ އާއި އާފާގުއަށް ޒައުލްގެ ހަރަކާތްތައް ފެނުނެވެ. އެހިނދު އާފާގުއަށް އަވަސް ނަޒަރެއްދެވުނީ ޒަރާނާއަށެވެ.

“ވަޑައިން…” ހާޒިމްގެ ފަހަތުން ދުވެލާފައި އައި އީލާކް ހާޒިމްގެ އަތުގައި ހިފާކުޑަކޮށް އެއްފަރާތްކޮއްލަމުން ޒަރާނާއާއި މުހާތަބުކުރިއެވެ. ޒަރާނާގެ ތުންފަތަށް މައިވަންތަކަމުގެ ލުއި ހިނިތުންވުމެއްވެރިވެގެންދިޔައެވެ. އޭނަގެ ކުރިމަތީ ހުރީ އޭނަގެ ދަރިއެއްކަން ޔަގީންވެއެވެ. ގިނަޒަމާންތަކެއްވަންދެން ދަރިންނާއި ދުރުގައި އުޅުމަށްފަހު އެހާގާތުން އެކުދިން ފެނުމުން އޭނަގެ ހިތަށް ބުނެދޭންނޭގޭފަދަ އިޙްސާސްއެއް ވެރިކުރުވިއެވެ. ލޫލުއާ އާއި ޒައުލްގެ ޒުވާންކަމުގެ މޫނުފެނި ދެނެގަންނަން އެނގެއެވެ. އެހެންނަމަވެސް ޒަރާނާއަށް އޭނަގެ ކުރިމަތީ ހުރެ ދާންވީދިމާ ދައްކަމުންދިޔަ އަންހެންކުއްޖާއަކީ އީލާކްކަން ޔަގީންވިޔަސް ގޮވާލާކަށް ނުކެރުނެވެ.

“އަޅުގަނޑަށް…އަޅުގަނޑަށް ކިޔަނީ އީލާކް” އަތްފައި ފިނިވެފައިހުރެ އީލާކް ބުނެލިއެވެ. އޭނަގެ މަންމަ އާއިއެހާ ގާތުގައި ހުރެލުމުގެ ފުރުޞަތު ލިބުނެއްކަމަކު ހިތްފުރެންދެން ޒަރާނާއަށް ބަލާލުމުގެ ހިތްވަރެއް އީލާކްއަކަށް ނުލިބުނެވެ. ޒަރާނާއަށް ހިނިތުންވެލުން ނޫންކަމެއް ނުކުރެވުނެވެ. އާފާގު އަވަސް އަވަހަށް އީލާކް އާއި ސަލާމްކޮއްލުމަށް އަތްދިއްކޮއްލިއެވެ.

“ހާޑް ދިސް ޝޯއިޒް އޯލް އަބައުޓް ޔޫ، ވެލް…އޯލް ދި ބެސްޓް…” އާފާގު އީލާކް އާއި ސަލާމްކޮއްލުމާއިއެކު އޭނަގެ  ކޮނޑުގައި ފިރުމާލީ އޭނަގެ ކުރިމަތީގައި ހުރި އަންހެން ކުއްޖަކީ އޭނަގެ ދަރިއެއްގެ ގޮތުގައި ދެކެމުންނެވެ. ހިތްއަވަސްވެފައިވާ އީލާކް ހިނިތުންވެލަމުން ޒަރާނާ އާއި އާފާގުއަށް ޝުކުރުއަދާކުރިއެވެ. އަދި އެންމެ ކުރީގައި ހުރި މޭޒާއި ދިމާލަށް އިށާރާތްކޮއްލިއެވެ.

ޒާރާނާގެ ހިތްއަވަސްވެ އާފާގުގެ އަތުގައި ބާރަށް ހިފާލެވުނީ ރަންވޭ ސްޓޭޖާއި އެންމެ ކައިރީގައި ހުރިމޭޒުގައި އިން ލާއިގާ އާއި މަންސޫރު ފެނުމުންނެވެ. އާފާގުއަށް ޒަރާނާއަށްވީގޮތް ނަގައިގަނެވުނެވެ. އަދި ލާއިގާ އާއި މަންސޫރުގެ މޫނުމައްޗަށް އެރި ކުލަވަރުވެސް ނިކަން ސާފުކޮށް ފެނިގެން ދިޔައެވެ. އެހެންނަމަވެސް އޭނަ އީލާކް ދެއްކި ގޮނޑީގައި އިށީނުމުގެ ކުރިން މަންސޫރުއަށް ހިނިތުންވެލަމުން ސަލާމަށް އަތްދިއްކޮއްލިއެވެ. އެއީ ރީތީ އާދައަކަށްވީމައެވެ. މަންސޫރުވެސް ވަށައިގެންވާ މެހެމާނުންގެ ކުރިމަތީ ހިތްހަމަނުޖެހުން ދެއްކުމެއްނެތި ހިނިތުންވެލާފައި އާފާގުގެ އަތުގައި ހިފިއެވެ.

ރަންވޭ ސްޓޭޖްގައި މައިކު ހިފަހައްޓައިގެން ހުރެ ހޮޓެލްގެ ތައާރަފް ދެމުން ޒައުލް ދިޔައެވެ. އަދި ގާޑަންވިއު ހޮޓެލް ހުޅުވުމުގެ ޝަރަފު އޭނަގެ ލޯބިވާ ބައްޕަ މަންސޫރު އާއި އެރޭގެ ޝަރަފުވެރި މެހެމާނެއް ކަމުގައި ވަޑައިން އިންނެވި ސަރުކާރުގެ އިސް ވެރިޔާއަށް އެރުވިގެންދިޔައެވެ. އެއާއިއެކު އެއްފަރާތުގައި ވަށައިގެން ފޮތިގަނޑަކުން ފޮރުވާލެވިފައިވާ ގާރޑަންވިއުގެ ލޯގޯއާއި ހޮޓެލް އާއިބެހޭ ލިޔުންކޮޅެއްލިޔެފައިވާ ފިލައެއް ބިއްލޫރި ފޮއްޓެގައިއިންތަން އެންމެންނަށް ފާޅުވެގެން ދިޔައެވެ. އެހިނދު މަރުހަބާގެ އަތްތައް ޖަހާލިއަޑު މުޅިތަނަށްވެރިވެގެންދިޔައެވެ. މީޑިއާގެ ފަރާތުން ވަޑައިގެން ތިއްބެވި އެކިއެކި ފަރާތްތަކުން ވީޑިއޯ ކުރުމުގަ އާއި ފޮޓޯނެގުމުގައި މަސްއޫލުވަމުންދިޔަައެވެ. ޒައުލް މެހެމާނުންނަށް ޚާއްޞަކުރެވިފައިވާ ބިލެތްމީރުކޮއްލެއްވުމާއިއެކު އީލާކްގެ އާއި ނަހުލާގެ ފެށެން ޝޯ ފެށިގެން ދާނެކަން އިއުލާން ކުރުމަށްފަހު ސްޓޭޖުން ފޭބިއެވެ. ރީތި ލުއި މިއުޒިކުގެ ރާގުތައް ކުޅެލިއަޑު އިވެންފެށީދެނެވެ. ވެއިޓަރުން އައިނައިގޮތެއްވެސް ނޭގެއެވެ. އަތްތަކުގައިވާ ތަބައްތަކުގައި ތަފާތު ވައްތަރުގެ ބުއިންތަކާއި ކާއެއްޗެހި އަތުރައިގެން މޭޒުތަކުގެ ކައިރިއަށް ވެއިޓަރުން ހިނގަންފެށިއެވެ. ޒައުލް އީލާކްގެ ގާތަށް ދިޔައެވެ. ޒައުލް އާއިއެކު އޭނަގެ އެންމެ ގާތުގައި އެހީތެރިކަން ފޯރުކޮއްދެމުންދިޔަ ހާޒިމް އީލާކްގެ ރަހުމަތްތެރިޔާ ނަހުލާގެ ކަންތައްތައް ކުރިއަށް ދިޔަ ބަޔަށްވަނެވެ.

“ކޮބާ ރެޑީތަ؟ ތާރޓީމިނެޓްސް އެނގޭ…” ހާޒިމް ނަހުލާއަށް ބުނެލިއެވެ.

“އޯކޭ، ވީ އަރ ރެޑީ…ގާރލްސް…” ނަހުލާ ހާޒިމްއަށް ޖަވާބުދީފައި އޭނަގެ ފުރަތަމަ ބުރުގެ ހެނދުންތައް އަޅައިގެން ނުކުތުމަށް ތައްޔާރުވެފައިވާ މޮޑެލްސްއަށް މުހާތަބުކޮށް ގޮވާލިއެވެ. ހާޒިމް އެތަނުން ނުކުމެ މިސްރާބުޖެހީ އީލާކްގެ ތައްޔާރީތަށް ވަމުންދިޔަ ބަޔަށް ވަނުމަށެވެ. އެތަނުން ލޫލުއާ ފެނިދާނެކަމުގެ އުއްމީދާވެސް އެކުއެވެ.

ޝޯފެށިގެން ދިޔައީ އަށްގަނޑި ބައިވަނިކޮށެވެ. މެހެމާނުންގެ ވަށައިގެންވި މާހައުލުގެ އަލިމަޑުވެ ރަންވޭ ސްޓޭޖަށް އެޅިގެން ދިޔަ އަލިތައް ގަދަވެގެންދިޔައެވެ. ކުޅެމުންދިޔަ މިއުޒިކުގެ އަޑާއި ސްޓައިލްވެސް ބަދަލުވެގެން ހިނގައްޖެއެވެ. އެއްފަރާތުގައި ލޫލުއާއި ޒައުލްގެ ގާތުގައި މަޑުކޮއްލައިގެން އީލާކް ހުރިއިރު އޭނަ ހުރީ ނަހުލާގެ ފަރުމާތަށް ބަލާލާހިތުން ކެތްތެރިކަން ކުޑަވެފައެވެ. ޒައުލް އާއި ދެންތިބި އާއިލާގެ މެންބަރުންގެ އިތުރުން ހާޒިމްވެސް ހައިރާންވީ ޝޯގައި ފުރަތަމަ އީލާކްގެ ފަރުމާތަށް ފެނިގެން ނުދާތީއެވެ. އެހެންނަމަވެސް އީލާކްގެ ނިންމުމަކަށް އެކަންވީތީ އެމީހުން ގަބޫލުކޮއްލައިގެން ތިބީއެވެ. ނަހުލާގެ ފުރަތަމަ ހެދުމުގައި ނުކުތް ރީތި އަންހެން ކުއްޖާ ރަންވޭގައި ފައިހަމަކުރަމުން އައިސް ރަންވޭގެ މެދުގައި ހުއްޓިލައިފިއެވެ. އެވަގުތު ގަދަ އައްޔަކުން އެއަންހެން ކުއްޖާ ހުރި ދިމާ ދިއްލިގެން ދިޔައެވެ. އެހިނދު އީލާކްގެ ދެލޯބޮޑުވެގެން ދިޔައެވެ. އޭނަގެ ލޮލަށް ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވީއެވެ. ކުއްލިއަކަށް އީލާކްގެ އަތުގައި ލޫލުއާ ހިފާލިއެވެ. އެދެބެންގެ މޫނުގައިވެސް ވަނީ ހައިރާންކަމެވެ. މިވީ ކިހިނެއްހެއްޔޭ އެކަކު އަނެކަކުގެ ގާތުން އަހާލިކަހަލައެވެ. އީލާކްގެ މެޔާއި ދިމާލުން ދެއަތް ހުރަސްކޮއްލެވުމާއިއެކު ދެއަތުގައި ބާރަށް ހިފަހައްޓާލެވުނެވެ. ދެދަތްޕިލާ ޖައްސާބާރުކޮއްލެވުމާއިއެކު ނިތަށް ރޫއަރުވާލިއެވެ. ރަންވޭމަތިން ފަހަރަކު އަންހެން ކުއްޖެއްގެ ފަހަތުން ކަހަލަ ގޮތަކަށް އެހެން އަންހެން ކުއްޖަކު ނަހުލާގެ ފަރުމާތަކުގައި ނުކުންނަމުންދިޔައެވެ. އީލާކްއަށް ހީވީ އޭނަގެ ފަރުމާތަށް ލޮލުގެ ކުރިމަތީ ފެންނަމުންދިޔަހެންނެވެ. ޒީނަތްތެރި ކުރުމަށް ބޭނުންކޮއްފައިވާ މަދުއެއްޗެއް ނޫނީ މުޅި ހެދުމުގެ ޑިޒައިންވަނީ އީލާކްގެ ހެނދުންތަކާއި އެއްގޮތްވެފައެވެ. ތުންފިއްތަމުން ފެންކަޅިވަމުންދިޔަ އީލާކްއަށް ހަދާނެގޮތެއް ނޭގުނެވެ.

“ދޭ އޯލް އާ މައި ޑިޒައިންސް، ނަހޫ…ކީއްވެ…ދޮންތާ…” އީލާކްއަށް ލޫލުއާއި ދިމާލަށް ބަލާލެވުނެވެ. ލޫލުއާ އީލާކްގެ ގައިގާ އޮޅުލައިގަތެވެ. އޭނަގެ ދެލޯވެސް ފެންކަޅިވެއްޖެއެވެ. އެމީހުންނާއި ތަންކޮޅެއް ދުރުގައި ނަހުލާގެ ހެދުންތައް ބަލަންހުރި ޝުދުފާގެ ގާތަށް އައީ ރުޅިއެވެ. އޭނަ އީލާކްގެ ހެދުންތައް ލަމުންދިޔަ މޮޑެލްސްތަކުގެ ތެރެއަށް ވަދެ ރޮޒޭން ހޯދިއެވެ. އަދި އޭނަގެ އަތުގައި ހިފައިގެން ނުކުމެ ރަންވޭގައި ހިނގަމުންދިޔަ ނަހުލާގެ މޮޑެލް ލާފައި ހުރި ހެދުން ދައްކާލިއެވެ.

“އޯ…ތަފާތެއްވެސްނެއް” މިހެންބުނި ރޮޒޭންގެ އަނގަހުޅުވިގެންދިޔައެވެ.

“އެހެން ހަދާކާކަށް ނުވާނެއެއްނު، ޝީޒް އަ ވިޗް، އަ ޑެވިލް…ކިހާ ބޮޑު ލަނޑެއް އީކްއަށް މިލިބުނީ، ހިތަށް އަރާ….” ޝުދުފާގެ ވާހަކަ މެދުކަނޑާލީ ރޮޒޭންއެވެ.

“އީކް ކޮބާތަ؟ ހިނގާބަލަ އޭނަ ކައިރިއަށް، ދެން ކިހިނެއް ހަދާނީ” ރޮޒޭން ކަންބޮޑުވެފައިހުރެ ވާހަކަދެއްކިއެވެ. ޝުދުފާ އީލާކް ހުރި ދިމާލަށް ރޮޒޭން ގޮވައިގެން ދިޔައެވެ.

“ކިހިނެއްވެގެންތަ މިއުޅެނީ، އީކް ކީއްވެތަ ކުއްލިއަކަށް ރޯންފެށީ، ދޮންތާ، ވަޓްސް ގޮއިން އޮން” ޒައުލްއަށް ލިބުނު ހައިރާންކަމާއިއެކު އަހާލިއެވެ. ތަނުގައި ހަރުލާފައިހުރި މިއުޒިކުގެ ގަދަ އަޑާއިއެކު ޒައުލްއަށް މަޑުން ވާހަކަދައްކަން އުނދަގޫވިއެއްކަމަކު ލޫލުއާގެ ކަންފަތާ ކައިރިވެލާފައި ބުނެލިއެވެ.

“ތިފެންނަނީ އީކްގެ ޑިޒައިންތައް، އެއްވެސް ތަފާތެއްނެއް…” ލޫލުއާއަށް ޒައުލް އާއި ހާޒިމްއަށް ބަލާލަމުން ބުނެލެވުނެވެ.

“ވަޓް…” ޒައުލް އާއި ހާޒިމްއަށް އެއްފަހަރާ ބުނެލެވުނެވެ.

ރަންވޭ ސްޓޭޖުގެ އެއްފަރާތުގައި އީލްކް ލޫލުއާގެ ގައިގާ ބައްދާލައިގެން ހުރެ ރޮމުންދިޔައެވެ. ޒައުލް އާއި ހާޒިމް ތަފާތު ސުވާލުތައް ކުރަމުންދިޔައެވެ. ޝުދުފާގެ މޫނުމަތިން ފެންނަނީ ރުޅިވެރިކަމެވެ. އޭނަގެ އަނގައިން ނަހުލާ އާއިމެދު ނުކުންނަމުންދިޔަ ލަފްޒުތަކަކީވެސް ރުޅިވެރިކަމާއިއެކު ބުނަމުންދިޔަ އެއްޗެއްކަމުގައިވިއެވެ. ރޮޒޭން ކަންބޮޑުވުމާއިއެކު ދެން ހަދާނެ ގޮތަކާއިމެދު ލޫލުއާ އާއި ސުވާލުކުރަމުންދިޔައެވެ. މިހުރިހާ މަންޒަރެއް ލާއިގާއަށް ފެންނަމުންދިޔައެވެ. ހުރިހާ ކުދިންގެ ހަރަކާތްތަކަށް ފުންނަޒަރަކުން ބަލަންއިން ލާއިގާއަށް ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމުގައި އިޙްސާސް ކުރެވިގެންދިޔައެވެ.

“މަންސޫރު…” ލާއިގާ މޭޒުމަތީގައި އޮތް މަންސޫރުގެ އަތްތިލާގައި އަތްޖައްސާލަމުން ގޮވާލާފައި ލޮލުގެ އިޝާރާތުން އީލާކްމެން ތިބި ދިމާ ދައްކާލިއެވެ.

“ކިހިނެއްވީބާ؟” މަންސޫރުވެސް ކުދިންތިބި ދިމާލަށް އަވަސް ނަޒަރެއްދީފައި ލާއިގާއަށް ބަލާލަމުން އަހާލިއެވެ.

“ނޭގެ، މަންމައަށް ހީވަނީ ކޮންމެވެސް ކަމެއް ގޯސްވެއްޖެހެން…އީލާކް ލޫލުއާގެ ގައިގާ ބައްދާލައިގެން އެހުރީ ކީއްވެބާއޭ މިހިތަށް އަރަނީ” ލާއިގާ ކަންބޮޑުވުން ފާޅުކުރިއެވެ. އެމޭޒުގައި ތިބި ޒަރާނާ އާއި އާފާގުއަށްވެސް މިއަޑުއިވުނެވެ. ޒަރާނާވެސް ކަންބޮޑުވުމުގެ ބަލާލުމެއް އާފާގު އާއި ބަދަލުކޮއްލިއެވެ.

“ޒައުލް އެހުރީނު އެކުދިން ގާތު، އޭނަ އެއްވެސް ކަމެއް ގޯސްވިޔަކަ ނުދޭނެ، އަނެއްކާ ހާޒިމްވެސް އެބަހުއްޓެއްނު ޒައުލްއަށް އެހީވާން، އެކުދިން އަމިއްލައަށް ހުރިހާކަމެއް ހައްލުކޮއްލަ ފާނެ، އެންމެންގެ ތެރޭ މިވަގުތު ތެދުވެގެން ގޮސްފިނަމަ އަޅުގަނޑާއިހެދި އެންމެންގެ ސަމާލުކަން ހުއްޓޭނީ އެކުދިންނާއި ދިމާލަށް” މަންސޫރު އޭނަގެ ކުދިންނާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން އިނދެ ބުނެލިއެވެ. ލާއިގާ ކަންބޮޑުވެފައިވިއެއްކަމަކު މަންސޫރުގެ ބަސް ގަބޫލުކުރިއެވެ.

ނަހުލާގެ ހުރިހާ ހެދުމެއް ދައްކާލުން ނިމުމާއިއެކު ރަންވޭ ސްޓޭޖަށް އޭނަ އެރިއެވެ. އޭރުވެސް އީލާކްއަށް ދެންހަދާނެ ގޮތަކާއިމެދު ނުވިސްނެއެވެ. ރަންވޭގައި ހިނގާލާފައި ކުރިއަށް އައި ނަހުލާގެ ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިވެފައިވެއެވެ.

“އީކް، ބަލާބަލަ…ބަޓަރފްލައި ނެކްލެސް…” ލޫލުއާ ކުއްލިއަކަށް އީލާކްގެ ކޮނޑުގައި ހިފާ ދުރުކޮއްލަމުން ބުނެލިއެވެ. އީލާކް އާއިއެކު ޒައުލް އާއި ހާޒިމްގެ އިތުރުން އޭނަގެ ގާތުގައި ތިބި ޝުދުފާ އާއި ރޮޒޭންވެސް ނަހުލާގެ ކަރާދިމާލަށް ބަލާލިއެވެ.

“އޯމައިގޯޑް…ޔޫ ތީފް…” ޝުދުފާ އައި ރުޅިއާއިއެކު މިހެންބުނެ ސްޓޭޖާއި ދިމާލަށް ހިނގައިގަތެވެ. އެވަގުތު ޒައުލް ޝުދުފާގެ އަތުގައި ހިފެހެއްޓިއެވެ. އެހިނދު ދެންވީގޮތެއް އެކަކަށްވެސް ނޭގެއެވެ. ކުއްލިއަކަށް ފެނުނީ ދުވެފައި ގޮސް ރަންވޭ ސްޓޭޖުގެ މައްޗަށް އީލާކް އެރިތަނެވެ. އޭނަ ނަހުލާގެ ކަރުގައި އޮތް ފަށް ދަމައިގަތްގަތީނުން ކަނޑައިގެންގޮސް އީލާކްގެ އަތަށް ފަށް އައެވެ.

“ދިސް ބިލޯންގ ޓު މީ….. އެންޑް ޔޫ އަރ ނޮޓް މައި ފްރެންޑް، ތީ އަހަރެންގެ ރަހުމަތްތެރިއެއްނޫން” އީލާކް މިހެން ބުނަމުން ނަހުލާގެ ކޮނޑުގައި ދެއަތުން އަޅާ ކޮއްޕާލިއެވެ. ކޮއްޕާލިލެއް ބާރުކަމުން ނަހުލާ ފަހަތަށް ވެއްޓުނެވެ. ކުއްލިއަކަށް އެތަށް އެތަށް ފްލޭޝްއެއް ކެނޑިގެން ދިޔައެވެ. ޒައުލް އާއި ހާޒިމްވެސް ދުވެފައި ސްޓޭޖަށް އެރިއެވެ. ނަހުލާ އާއި ދިމާލަށް ދިޔަ އީލާކްގެ ގައިގާ ޒައުލް ބާރަށް ހިފަހައްޓާލިއެވެ.

“ލެޓް މީ ގޯ….ދޮންބޭ…އަހަރެން ދޫކޮއްލާ…އައި ވިލް ކިލް ހާ” އީލާކް ރޮމުން ބުނަމުންދިޔައެވެ. ޒައުލް އީލާކްގެ ދެއަތުގައި ހިފަހައްޓާލަމުން އުފުލާލައިގެން އެތަނުން ފޭބިއެވެ. އަދި އީލާކްގެ މޮޑެލްސްތައް ތިބިތަނަށް ގޮސްވަނެވެ. ހާޒިމްގެ އެހީގައި ނަހުލާތެދުވެ ލައިގެން ހުރި ހެދުން ރީތިކޮއްލުމާއިއެކު ރަންވޭމަތިން ފައިބައިގެން ހިނގައްޖެއެވެ. އޭނަ އާއިއެކު ފަހަތުގައި އެތުރިގެން ތިބި މޮޑެލްސްތައްވެސް ދިޔައެވެ. ހާޒިމް އަވަސް އަވަހަށް މައިކް ހޯދާލުމަށްފަހު ހަފްލާ ނިމުނީކަމުގައި އިއުލާންކުރިއެވެ. އަދި މެހެމާނުންނަށް ޝުކުރުއަދާކުރިއެވެ. އެއާއިއެކު އެންމެ ފުރަތަމަވެސް ގޮނޑިން ތެދުވީ މަންސޫރު އާއި ލާއިގާއެވެ. މާންސޫރު ލާއިގާގެ އަތުގައި އެއްއަތުން ހިފާލަމުން އަނެއްއަތް ލާއިގާގެ ބުރަކަށީގައި ޖައްސާލައިގެން ހުރެ އީލާކްގެ ގާތަށް ދިއުމަށް އަވަސްވެގަތެވެ. މެހެމާނުން ދިއުމަށްޓަކައި ތެދުވިއެއްކަމަކު އެންމެންގެ އަޑުތައް ގަދަވެގެންދިޔައެވެ. ހާޒިމް ހުރިހާކަމެއް ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރަމުންދިޔައެވެ. އެހެނީ އެންމެންވެސް ވަނީ ޝޮކެއްގެ ތެރޭގައެވެ. ދުވަހަކުވެސް މަންސޫރު ކޯއިން ބާއްވާ ހަފްލާއެއްގައި މިފަދަ ކަމެއް ހިނގާފައެއްނުވެއެވެ.

ގާޑަންވިއު އިން ނުކުމުގެން ދިޔަ ކޮންމެ މީހެއްގެ ދުލުން ދެކެވެމުންދިޔައީ އެއްވާހަކައެކެވެ. މަންސޫރުގެ ހަގުދަރިފުޅުގެ ފަރާތުން ފެނިގެން ދިޔަ ކަންތައްތަކުގެ ވާހަކަތަކެވެ. އެކަކަށްވެސް ނޭގިފައިވަނީ އެކަން އެގޮތަށް ހިނގުމަށް މެދުވެރިވި ސަބަބެވެ. އުފުލާލައިގެން ކަހަލަ ގޮތަކަށް އެތެރެއަށް ގެންދިޔަ އީލާކް ރޮނީއެވެ. ކޮނޑުތަކުގައިވާ އޭނަގެ ފަރުމާކުރުންތައް އެކުލެވިފައިވާ ހެނދުންތައް ވީދާ ހަލާކު ކުރުމަށް މަސައްކަތްކުރިއެވެ. މޮޑެލް ކުރާ ކުދިންތައް ތިބުމަށް ޚާއްޞަކުރެވިފައިވާ ގޮނޑިތައް އުކާ ވަށައިގެން މޭކަޕަށް ޚާއްޞަކުރެވިފައިވާ ލޯގަނޑުތައް ތަޅަންފެށިއެވެ.

“އީލާކް، ބަލަ ދަރިފުޅާ…އީލާކް” ލާއިގާގެ އަޑު އިވިގެންދިޔައެވެ. ހަމައެއާއިއެކުހެން މަންސޫރުގެ އަޑުވެސް އެތަނުގައި ހަރުލައިގެން ދިޔައެވެ.

“ކޮބާތަ ހާޒިމް، ޒައުލް…ކޮއްކޮއަށް އަނިޔާއެއްނުވަނިސް ނިކަން ބައްޕައަށް އެހީވެދީބަލަ، އީލާކް އެއުޅެނީ މޮޔައަކު ފަދައިން…” މަންސޫރު އީލާކް ހުއްޓުވަން މަސައްކަތްކޮށް އެކަން ކާމިޔާބު ނުވުމުން ބުނެލިއެވެ.

“ބައްޕާ، ހާޒިމް އެކޮޅުގެ ކަންތައްތައް ބަލަނީހެން ހީވަނީ” ޒައުލް މަންސޫރު އާއި ގާތްވެލަމުން ބުނެލިއެވެ.

އެވަގުތު އެތަނުގައި ދެން ހަދާނެގޮތެއް ނޭގިފައި މޮޑެލްކުރާ ކުދިންތައް ކަނަކަށްގޮސް އެއްވެތިއްބެވެ. އެމީހުންގެ މޫނުމަތިން ބިރުވެރިކަން ފާޅުވޭވެހުއްޓެވެ. ލާއިގާ އެކުދިންގެ އެޖެންސީގެ ފަރާތުން އައިސް ހުރި އިސްމީހާއާއި ވާހަކަދެއްކުމަށްފަހު އެއެންމެން އެތަނުން ނެރުނެވެ. އަދި ދެންތިބި ބަޔަކުވެސް ފޮނުވާލިއެވެ. މަންސޫރު އާއި ޒައުލް އީލާކްގެ ގައިގާ ހިފަހައްޓައިގަނެގެން އޭނައަށް ވިސްނާދެވޭތޯ އުޅުނެވެ.

އެކިމީޑިއާތަކުން ވަޑައިގެން ތިއްބެވި ފޮޓޯ ގްރަފަރުންނާއި ރިޕޯރޓަރުން ފިޔަވައި ދެންތިބި މެހެމާނުން ގާޑަންވިއުއިން ނުކުމެ އެމީހުންގެ މަންޒިލްތަކަށް ގޮސް ނިމިއްޖެއެވެ. ލޫލުއާ އާއި އީލާކްގެ ދެރަހުމަތްތެރިން ކަމަށްވާ ޝުދުފާ އާއި ރޮޒޭންގެ މަސައްކަތުން މީޑިއާގެ ފަރާތްތައްވެސް އެތަނުން ފޮނުވާލިއެވެ. އެމީހުން އެކިއެކި ސުވާލުތައް ކުރަމުންދިޔައެއްކަމަކު އެއްވެސް ސުވާލަކަށް ޖަވާބު ދިނުމެއްނެތިއެވެ. އަދި އެއަށްފަހު އަވަސްވެގަތީ ނަހުލާގެ ގާތަށް ދިއުމަށެވެ.

ނަހުލާއަށް ޚާއްޞަކުރެވިގެން މިރޭގެ ޝޯއަށް ތައްޔާރުވުމަށްޓަކައި ދެވިފައިވާ ބައިގައި އޭނަގެ މޮޑެލްސް ތަކާއިއެކު ހުއްޓެވެ. އޭނަގެ ދާދި ގާތުގައި ހާޒިމް ހުއްޓެވެ. ހާޒިމްއަށް ހާސްކަންލިބިފައިވާއިރު އޭނަ ހުރީ ނަހުލާ އާއިމެދު ވަރަށް ހިތްހަމަވެސް ނުޖެހިފައެެވެ. ވަގުތުން އެތަން ހުސްކުރުމަށް އެންގިއެވެ. މޮޑެލްކުރާ ކުދިންތައް ފޮނުވާލިއެވެ. އެހެންނަމަވެސް ނަހުލާއަށް ދިއުމުގެ ހުއްދައެއް ނުދިނެވެ.

“އަޅުގަނޑަށް ފެންނަނީ ނަހުލާގެ މައިންބަފައިންނަށް ގުޅަން، ވަކީލެއްގެ ހައިސިއްޔަތުން މިހެން މިބުނީ” ހާޒިމް ރަސްމީ ސިފައެއްގައި ނަހުލާ އާއި ވާހަކަދެއްކިއެވެ. ކުރިން ބެހެއްޓި ގާތްގޮތް މުޅިންހެން ފިލުވާލިއެވެ.

“އަހަރެން ގެއަށް ފޮނުވާލާ، މިތަނުގަ އަހަރެން ބެހެއްޓުމުގެ ބޭނުމަކީކޮބާ، ކުރިކަމެއް ކުރީ އީކް އެއްނު، ގައިމު އެންމެނަށް ފެންނާނެ އޭނަ އެކުރި ކަންތައް…” ނަހުލާގެ ވާހަކަ މެދުކަނޑާލީ ޝުދުފާއެވެ.

“ޔޫ އާ އެން އީވިލް ވިޗް، ތިހާ މަކަރުވެރި ވާކަށް ނުވާނެދޯ، ކީއްވެތަ ތިހާ ބޮޑު ލަނޑެއް އީކްއަށް ނަހޫ ތިދިނީ، އީކް ކީއްކޮގެންތަ؟ އީކް ހަމައިންނައްޓާލީ ހަމަ ނަހޫ އާއި ހެދި….އޭނަގެ ހުރިހާ ޑިޒައިންތަކެއް، އެންމެ ހެދުމެއްވެސް ނެތިއްޔޭ ދޫކޮއްލާފަ…ހަމަ ހުރިހާ ހެދުމެއްގެ ޑިޒައިންތައް ތިހުރީ ކޮޕީ ކޮއްފަ، އެކަން އަހަރުމެންނަށް އެނގޭ” ޝުދުފާ އައިސް ނަހުލާގެ ކުރިމައްޗަށް ހުއްޓެމުން ބުނެލިއެވެ. އަދި އިނގިލި ދިއްކޮއްލުމާއިއެކު ނަހުލާގެ ނިތްކުރީގައި އިނގިލިޖައްސާ ކޮއްޕާލަން އޭނަ ބޭނުންވިއެވެ. އެހެންނަމަވެސް ކަމެއް ހިނގާފާނެކަމަށް ހުށިޔާރުވެހުރި ހާޒިމް މާކުޅާދާނައެވެ. އޭނައަށް ވިސްނި ޝުދުފާ ދުރަށް ޖައްސާލިއެވެ. ލޫލުއާވެސް އެކަމަށް ހާޒިމްއާއި އެއްބައިވިއެވެ.

“ތިކުރީ ވަރަށް ގޯސް ކަމެއް، ނަހުލާގެ އެކުވެރިއެއްނު އީލާކްއަކީ، އެކުވެރިއަކަށް ތިފަދަ ލަނޑެއް ދޭން ހެޔޮވެސް ނުވާނެއެއްނު، އީލާކް ކިހާ ބުރަ މަސައްކަތެއްކުރި މިޝޯއަށްޓަކައި، ނުވިތާކަށް އެންމެ ފަހުވަގުތުގައިވިޔަސް ނަހުލާއަށް މިޝޯއިން ޗާންސް ދިން، ނަހުލާ ތިކުރެވުނީ ވައްކަމެކޭ…އެވެސް އެންމެ ވައްކަމެއްނޫން، ނަހުލާގެ ކަރުގައި މިރޭ އަޅާފައި އޮތް ފަށަކީވެސް އީލާކްގެ ފަށެއް…” ލޫލުއާ ޝުދުފާގެ ކޮނޑުގައި ހިފާ ދުރައްޖައްސާލަމުން ބުނެލިއެވެ.

“އިތުރަށް މިވަގުތު ވާހަކަ ނުދެއްކުން ބުއްދިވެރީ، ނަހުލާގެ މައިންބަފައިންނަށް ގުޅަން ބޭނުންނުވާނަމަ، އަޅުގަނޑަށް ޖެހޭނީ ކޯޓް ކޭސްއެއްގެ ގޮތުގައި މިކަން ކުރިއަށް ގެންދަން” ހާޒިމް ނަހުލާ އާއި ދިމާލަށް އެނބުރިލަމުން ބުނެލިއެވެ.

* * * * * * * * * * * * * * * * * *

“ތީ ކާކުތަ؟ ކިހިނެއްވެގެންތަ ތިއުޅެނީ، އަހަރެންގެ ނަންބަރު ލިބުނީ ކިިހިނެއް؟ މީހަކު ބުނެގެންތަ ތިގޮތަށް ތިޖެއްސުންކުރަނީ، އަހަރެން ބުނެފީމެއްނު ނުގުޅާށޭ، އަހަރެން ބޭނުމެއްނެތޭ ތިމީހަކާ ވާހަކަދައްކާކަށް…ކަލެއަށް މިހާރު ދިވެހިބަސްވެސް ނޭގެނީތަ” ޔޫހާ ކޮޓަރިތެރޭ ހުރެ ބާރަށް ފޯނުން ވާހަކަދައްކަމުންދިޔައެވެ. އޭރު ކިޔާން އޮތީ ނިދާފައި ކަމުގައި ވިޔަސް އޭނަގެ އެއްވެސް ސަމާލުކަމެއް އެކަމަކަށް ދެވިފައެއްނުވެއެވެ.

“އޯ…ހާދަ ރީތި އަޑެކޭ، ރުޅި އައީތަ؟ އަހަރެން މީހަކު ރުޅިއަންނަވަރުގެ ކަމެއް ނުކުރަމެއްނު، އަހަންނަށް ދިވެހިބަސް އެނގެޔޭ، ވާހަކަވެސް މިދައްކަނީ ދިވެހިބަހުންނެއްނު، ކީއްވާނީ ލޯތްބާއިއެކު އަހަންނާ އެއްފަހަރުވެސް ވާހަކަދައްކާލިއްޔާ، އަހަންނަށް ޔޫހާ ވަރަށް ކަމުދޭ، މީހަކު ބުނެގެން އަހަރެން ކީއްކުރަން ގުޅަންވީ، މީ މީހަކަށް ކޮއްދޭ ކަމެއްނޫނޭ، އަނެއްކާ ޔޫހާ ވަރަށް ގިނަ މީހުންނަށް ފޯނު ނަންބަރު ދީގެންތަ ތިއުޅެނީ، އެހެންވިޔަސް އަހަންނަށް އެއީ މައްސަލައެއްނޫން އެނގޭ” ޔޫހާ އާއި ފޯނުގެ އަނެއްކޮޅުން ވާހަކަދައްކަމުން ދިޔަ މީހާ ބުނެލިއެވެ.

“ހާދަ ގޮތެއްވެސް ނެތޭ ދޯ ތިމީހާގަނޑުގެ، ވަރަށް ފޫހިވޭ، ކަލެއަށް ދިވެހިބަސް އެނގޭކަމެއް ނޭގުނެއްނު، އަހަރެން ސާފު ދިވެހި ބަހުން ދެން ނުގުޅާށޭ ބުނީމަވެސް ތިގުޅަނީވިއްޔަ، އަހަންނެއް ނޫޅެން ވާހަކަދައްކާ ހިތަކުން، ބަލަ އެވަރަށް ގުޅާއިރު ފޯނު ނުނެގީމަވެސް ތިސިކުނޑިއަކަށް ނުވިސްނުނުތަ އެއީ އަހަރެން ވާހަކަދައްކަން ބޭނުންނުވާތީކަން، އަދި ފާޑުފާޑުގެ އެއްޗެހި ލިޔެފަ އެބަ މެސެޖު ކުރެޔޭ” ޔޫހާ ރުޅި އައިސް ރަތްވެފައި ހުރެ ބުނެލިއެވެ. އެއްފަހަރަށްވުރެ އަނެއްފަހަރު އޭނަގެ ރުޅި ގަދަވަމުންދިޔައެވެ. އެގޮތްނޭގޭ ފޯންކޯލަކީ ކާކު ކުރާކަމެއްކަން އޭނަ އަށް ނޭގޭތީވެސް އޭނަގެ ރުޅި ގަދަވެފައިވެއެވެ. ޒައުލް އެފަދަ ކަމެއް ކޮއްފާނެބާއޭ އޭނަގެ ހިތަށް އެރިއެއްކަމަކު ހަމަ ހީނުވާތީ އަހަންނުކެރިފައި ހުންނަނީއެވެ. އެފޯން ކޯލަކާއި ހެދި ޔޫހާއަށް މިހާރު އެއްވެސް ކަމެއް ކުރެވޭވަރެއްނުވެއެވެ. ފޯނު ނުނަގައިފިއްޔާ މެސެޖުވެސް ފުލުފުލުގައި ކުރަނީއެވެ. އޭނަގެ އަތުގައި ފައިސާ އެބަހުރި ކަމާއި އޭނަގެ ހިތްހަމަޖައްސާލުމުގައި ޔޫހާއަށްވެސް އޭގެ އަގާއި ހިތްހަމަޖެހުން ބަދަލުގައި ލިބިގެންދާނެކަންވެސް ހާމަކުރަނީއެވެ. އޭނަގެ ވާހަކަތަކާއި ކުރާ މެސެޖުތަކުން އޭނަގެ ބޭނުމަކީ ކޮބާކަން ޔޫހާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އޭނަ ބޭނުންވަނީ ޔޫހާއަށް ފައިސާދީގެން އޭނަގެ ދާން ފަޅުފިލުވާލުމެވެ. އެފަދަ ދަށުދަރަޖައަކަށް ވިސްނުން ދާންވީ ސަބަބެއް ޔޫހާއަކަށް ނުވިސްނުނެވެ. ޒައުލްއަށް އަދިވެސް އޭނަގެ މައްޗަށް އިތުބާރު ނުކުރެވޭތީ ކުރާކަމަކަށްވެދާނެއޭ ހީވާފަހަރުވެސް މަދެއްނޫނެވެ.

“ޔޫހާ…ޔޫހާ…” ދޮރުގައި ޖަހާލި ޓަތްކާއިއެކު ޝާއިންގެ އަޑުއިވިގެން ދިޔައެވެ. ހަމައެވަގުތު ޔޫހާ އޭނަ ބުނަންބޭނުންވި އެއްޗެއް ބުނެފައި ފޯނު ކަނޑާލިއެވެ. އަދި މީހާ ހަމަޖެހިލުމަށް ފުންނޭވާއެއް ބޭރުކޮއްލުމަށްފަހު ކޮޓަރީގެ ދޮރު ހުޅުވައިފިއެވެ.

“ޔޫހާ ވާހަކަދައްކާ އަޑު އެބައިވޭ ދޮރުން ބޭރަށްވެސް، ކިހިނެއްތަވީ؟ ކަމެއް ގޯސްވެގެންތަ ތިއުޅެނީ، އަނެއްކާ…ކިޔާންގެ ބައްޕަގެ ކަމެއްތަ؟” ޝާއިން ޝައްކެއްގެ މަތީހުރެ ބުނެލިއެވެ.

“ސޮރީ…ވަރަށް ފޫހިވޭ މިހާރު ފޯނު ގެންގުޅެންވެސް” ޔޫހާ ކޮޓަރިން ނުކުމެ ދޮރު ކައިރިކޮއްލަމުން ބުނެލިއެވެ. ބުނެލިގޮތުންވެސް ޝާއިންއަށް ކަމެއް ގޯސްވެއްޖެކަން އެނގުނެވެ.

“ކާން ހަދަންވީދޯ، އަހަރެންވެސް ވަރަށް ބަނޑުހައިވެއްޖެ، ކޮބާތަ އަފޫ” ޔޫހާ ޝާއިންއަށް ބަލާލަމުން ބުނެލިއެވެ. އޭނަ ވާހަކަ ބަދަލުކޮއްލަނީކަން ޝާއިންއަށް ނަގައިގަނެވުނެވެ.

“އަފޫ މިރޭ ނުކާނަމޯ، އޭނަގެ ރައްޓެހި ކުދިންނާއިއެކު މިރޭ ބޭރަށް ދާން އުޅެނީ، އަސްލު އަހަރެން ޔޫހާ ހޯދަން މިދިޔައީ ކިޔާން ނިންދަވަން ވަތްގޮތަށް ނުނިކުތީމަ، އެހެންވެ…ދެން ބުނެބަލަ، އަސްލު ކިހިނެއް ވެގެންތަ ތިއުޅެނީ، ފޯނުދެކެ ތިހާ ފޫހިވާންވީ ސަބަބެއް އޮންނާނެކަން އެނގޭ، އަހަރެން ގާތު ބުނެބަލަ” ޝާއިން ޔޫހާގެ ފަހަތުން ގޮސް ކާކޮޓަރިއަށް ވަންނަމުން ބުނެލިއެވެ. ޔޫހާ ކާން ހަދަން އުޅެމުން އެންމެ ފަހުން އޭނައަށް އަންނަ ގޮތްނޭގޭ ފޯން ކޯލްގެ ވާހަކަ ކިޔާދޭން ފެށިއެވެ.

“ޕާކްވިއުގަ އުޅޭމީހެއްހެން ހީވަނީ މިކަމެއް މިކުރަނީ، އަހަރެން ބަލައިފިން އެއީ ކާކުގެ ނަންބަރެއްތޯވެސް، ކޮންމެވެސް ބިދޭސީ މީހެއްގެ ނަމުގަ ނަގާފައިނީ، އަހަރެން މިހާރު ބޯގޮވައިފި މިކަމަކާ ހުރެވެސް، ލަދުގަނޭ ބައެއްފަހަރު އެފޮނުވާފަ ހުންނަ މެސެޖުތައް ކިޔަންވެސް” ޔޫހާ ދެފަރާތަށް ބޯހޫރުވާލަމުން ބުނެލިއެވެ.

“އަހަންނަށް ދީބަލަ ތިނަންބަރު، ދެން ދައްކަބަލަ އެމީހަކު ފޮނުވާފަ ހުރި މެސެޖުތައް” ޝާއިން ވިސްނަން އިނދެފައި ބުނެލިއެވެ. ޔޫހާ ނަންބަރު ދޭން އެއްބަސްވިޔަސް ފޯނުގައި ހުރި މެސެޖުތައް ކިޔުމަށް ފޯނު ދޭކަށް އެއްބަހެއްނުވިއެވެ. އެހެންނަމަވެސް ކާމޭޒުދޮށުގައި ޝާއިން އާއިއެކު ރޭގަނޑުގެ ކެއުމުގައި ބައިވެރިވި ޔޫހާ ފޯނު މޭޒުމަތީގައި ބޭއްވިއެވެ. ހަމައެވަގުތު ޝާއިން ޔޫހާގެ ފޯނު ނެގިއެވެ. އަދި މެސެޖުބައި ހުޅުވައިގެން ކިޔަންފެށިއެވެ. އޭނައަށްވެސް ހައިރާންކަން ލިބިގެން ދިޔައީ އެނަންބަރުން ޔޫހާއަށް ގުޅާފައިވާ އަަދަދު ފެނުމުންނެވެ. އަދި ލިބިފައި ހުރި މެސެޖު ގިނަކަމުންވެސް މެއެވެ. މެސެޖުތައް ކިޔަމުންދިޔަ ވަރަކަށް ޝާއިންގެ ގާތަށްވެސް އައީ ރުޅިއެވެ.

“ކޮންކަހަލަ ގޮތެއްނެއް މީހެއް، ޔަގީންތަ ޔޫހާއަށް މިމީހަކު ނޭގޭކަން، އޭނަގެ ވާހަކަތަކުން ހީވަނީ ޔޫހާގެ ގާތުގައި އުޅޭ ޔޫހާ ފެނިދެނެވިވާ މީހެއްހެން…” ޝާއިން ބުނެލިއެވެ.

“އަނެއްކާ ފައުޒީ…” ޔޫހާއަށް ވިސްނަން އިނދެ މަޑުމަޑުން ބުނެލެވުނެވެ. އެހެންނަމަވެސް އެއަޑު ސާފުކޮށް ޝާއިންއަށް އިވުނެވެ.

“ފައުޒީއޭ، ޕާކްވިއުގެ ސީނިއަރ މެނޭޖަރ…އޭނައަކީ މިކަހަލަ މީހެއްތަ، އަންހެނުން ކަންތައް ވަރަށް ބޮޑު މީހެއްތަ؟” ޝާއިންއަށް ހައިރާންކަމާއިއެކު އަހާލެވުނެވެ.

“ނޭގެ” ޔޫހާ މާޔޫސްކަމާއިއެކު ބުނެލިއެވެ. އޭނަ ދުވަހަކުވެސް އެއްކޮށް އުޅޭ މުވައްޒަފުން ގާތު ފައުޒީ އާއި ބެހޭގޮތުން ސުވާލެއްނުކުރެއެވެ. ހައްތަހާވެސް އެމީހުން އެއްޗެއް ހީކޮއްފާނެއޭ ހިތާ ފަސްޖެހެވެނީއެވެ. ފެންނަ ފެނުމަށް އޭނައަކީ މުވައްޒަފުންނާ ވަރަށް ރައްޓެހި ރަނގަޅު މީހެކެވެ. އަދި ޒައުލްގެ އިހްތިރާމް ލިބިގެންވާ މީހެކެވެ.

“ދެން ކީއްވެ ޔޫހާ ތިބުނީ ފައުޒީބާއޭ، އަނެއްކާ އޭނަގެ ފަރާތުން ކަމެއް ހިނގީތަ؟” ޝާއިން މިހެން ބުނެލިއިރުވެސް އިނީ ލިބުނު ހައިރާންކަމާއިއެކު ޔޫހާއަށް ބަލަންށެވެ.

* * * * * * * * * * * * * * * * * *

ހާޒިމްގެ ވާހަކަ އަޑުއިވި ނަހުލާ ޖެހިލުންވިއެވެ. ބަދަލު ހިފުމުގެ ނިޔަތުގައި ވިސްނުމެއްނެތި އޭނައަށް ކުރެވުނުކަމެކެވެ. މިހާރު އޭނަ އާއި ދިމާލަށް އިނގިލި ދިއްކުރެވޭނޭ އެތަށް ކަމެއް އެބަހުއްޓެވެ. ޚާއްޞަކޮށް މަންސޫރު އާއިލާއިން އޭނަ ދޫކޮއްނުލާނެކަން އެނގޭއިރުވެސް އެނަ ގޮތްދޫކުރާކަށް ބޭނުމެއްނުވިއެވެ. އެންމެ ފަހުން ހާޒިމްގެ ހަބަރު ބަލަން އައި ޒައުލް ނަހުލާގެ މައިންބަފައިންނަކީ ކޮބާތޯ ބެލުމަށް އަދި އެމީހުންނަށް ގުޅާފައި ހިނގާދިޔަ ކަންތަކުގެ ވާހަކަ އެންގުމަށް ހާޒިމްގެ ގާތުގައި ބުންޏެވެ. އަދި އެއްބާރުލުމެއް ނުލިބިއްޖެނަމަ ސީދާ ކޯޓަށް މިމައްސަލަ ގެންދިއުމަށްވެސް ޒައުލް ހާޒިމްއަށް އެންގިއެވެ.

އާފާގު އާއިއެކު ގެއަށް ވަތް ޒަރާނާ އަދިވެސް ހުރީ ބޮޑު ފިކުރެއްގެ ތެރޭގައެވެ. އެމީހުންނަށްވެސް އެހެން މެހެމާނުން ތަކާއިއެކު ނުކުންނަން ޖެހުނީތީ ޒަރާނާ ކުޑަކޮށް ހިތްހަމަނުޖެހުނެވެ. ދަރިފުޅަށް ވީގޮތެއް ބެލުމަށް އޭނަ ދާން ބެނުންވިއެވެ. އެހެންނަމަވެސް އެކަކުވެސް އޭނަ ކޮބާތޯ ބަލައެއްނުލިއެވެ. ރީތިވާ މޭޒުގެ ކައިރީ އިށީނދެލައިގެން އިނދެ މަޑު މަޑުން ގަހަނާތައް ބާލަމުން ދިޔަ ޒަރާނާ ބަސްހުއްޓިފައި ފިކުރުގެ ތެރެއަށް ގެއްލިފައި އިނެވެ.

“ޒަރާ…އަދިވެސް ތިވިސްނަނީ އީލާކް އާއި ދޭތެރޭތަ؟” އާފާގު ޒަރާނާގެ ފަހަތުން އައިސް ހުއްޓިލަމުން ޒަރާނާގެ ކޮނޑުގައި އަތްބާއްވާލާފައި ބުނެލިއެވެ.

“ނޫން ނޫން، އީލާކް އަހަރެންނަކަށް ބޭނުމެއްނުވާނެއެއްނު، އޭނަގެ ވަށައިގެން މިހާރުވެސް އެތަށް ބަޔަކު އުޅޭނެ، އަހަރެންގެ އުނިކަމެއް މިހާދުވަސްވީއިރުވެސް ފާހަގައެއްނުވޭ” ޒަރާނާ މިހެން ބުނެ ދެލޯމަރާލީ ހިތުގައިވާ މައިވަންތަކަމުގެ ލޯބި ފަރުދާކޮއްލަމުންނެވެ. އަދި ކޮނޑުގައި ބާއްވާލާފައި އޮތް އާފާގުގެ އަތުގައި އޭނާގެ ކޯތާފަތްޖައްސާލީ ވަރުބަލި ގޮތަކަށެވެ.

“ޒަރާ، އަހަރެން އަބަދުވެސް ބުނަމެއްނު ނުވިސްނާށޭ ކަންތައްތަކާ، އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ، މިހާ ޒަމާންކޮއްފަ އަހަރުމެންނަށް ދައުވަތެއް ލިބުނުކަންވެސް އެއީ ގުޅުން ބަދަހިވެދާނެ ކަމުގެ އަލާމާތެއްނޫންތަ” އާފާގު އޭނަގެ އަނެއްއަތުން ޒަރާނާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ޒަރާނާވެސް ހޫން ލައްވާލަމުން އާފާގު އާއި އެއްބަސްވިއެވެ.

ނަހުލާ އެއްވެސް ކަމެއް ގަބޫލުނުކުރި ކަމުގައިވިޔަސް ހާޒިމް އޭނަގެ ބައްޕައަށް ގުޅިއެވެ. ކަންތައް ހިނގާ ދިޔަގޮތް ކިޔާދިނެވެ. އެންމެ ފަހުވަގުތު ޝޯގައި ބައިވެރިވެ އަދި އޭނަގެ ފަރާތުން އެކަކުވެސް ޝޯއަށް ގެނެސްފައެއްވެސް ނުވެއެވެ. އެކަންވެސް އެންމެނަށް ފާހަގަކުރެވުނީ މާފަހުންނެވެ.

ރާއްޖޭގެ ކޮންސްޓްރަކްޝަން މަސައްކަތުގަ ދެވަނައިގައި ފައިހަރުކުރަމުން އަންނަ މެގާ ކޮންސްޓަރަކްޝަންގެ ބޮޑުމީހާ ރިޔާޒުއަކީ ނަހުލާގެ ބައްޕައެވެ. އޭނަ އާއި ހަމައަށް ނަހުލާގެ ވާހަކަދިޔައީ ވަރަށްވެސް ހޫނުކޮށެވެ. ރުޅިއައިސް ރަތްވެފައިވިއެއްކަމަކު އެކަން ހާޒިމް އާއި ފޯނުން ވާހަކަދެއްކިއިރު ނުދައްކައެވެ.

“ޖީޒާ…ޖީޒާ….” ފޯނު ބޭއްވުމާއިއެކު ރިޔާޒު އަޑުހަރުކޮށް އޭނަގެ އަންހެނުންނަށް ގޮވާލިއެވެ.

“ކިހިނެއްވީ” ކާކޮޓަރީގައި ކާން ހަދަން އުޅުނު ޖީޒާ އަވަސް ހިނގުމުގައި އައިސް ހުޅުވާލެވިފައިވާ ދޮރުން ކޮޓަރި ތެރެއަށް ވަންނަމުން އަހާލިއެވެ. އޭނަ ހުރީ ހައިރާންކަމެއްގެ ތެރޭގައެވެ.

“ކީއްނުވަނީ، މިއަދު އަހަރެން މުޅިން ފަލީހަތްވެނިމިއްޖެ، ދަރިން ބޮޑެތި ކުރަނީ އަހަރުމެންނަށް ފަސޭހައެއްވާނެކަމަށް، އަހަރުމެންގެ ނަމާ ގައުމުގެ ނަން ރޯޝަން ކުރާނެކަމަށް، އެކަމަކު ބޮޑެތިވެގެން އަހަރުމެންނަށް ފައިދާއެއްނުވާތަނުގަ އާއިލާގެ ނަމަށްވެސް ހުތުރުވާފަދަ ކަންތައް އެކުރަނީ…” ރިޔާޒުގެ ވާހަކަދެއްކުމުގެ ރާގުހުރިގޮތުން އޭނަ އެހެރީ ވަރަށް ރުޅިގަދަވެފަކަން ޖީޒާއަށް ޔަގީންވިއެވެ.

“ނިކަން ވެގެންއުޅޭގޮތެއް ސާފުކޮއްބުނެދީބަލަ، ރިޔާޒް ތިހާ ރުޅިއައިސްފަ ހުއްޓަ އަހަންނެއް ނުދެކެން” ޖީޒާ ކަންބޮޑުވުމާއިއެކު ރިޔާޒުގެ ކޮނޑުގައި ފިރުމާލަމުން ބުނެލިއެވެ.

“ކޮބާތަ ނަވާލް؟ އަނެއްކާ އޭނަ ގޭގަ އެބައުޅޭތަ؟” ރިޔާޒު ބުނެލިއެވެ.

“އަހަރެން އައި އިރު އެސޮރު ކާމެޒު ދޮށުގައި އިށިންނަނީ، އަދިވެސް ވެގެންއުޅޭގޮތެއް ނުބުނަމެއްނު” ޖީޒާގެ ހާސްކަންދިޔައީ އިތުރުވަމުންނެވެ.

“ނަހުލާގެ ކަންތަކެއްނު، ވައްކަންކުރީއޯ، އެހެންކިޔާފަ އަހަންނަށް އެގުޅީ ކާކުކަން އެނގޭތަ، ތިއޮއް ހޮޓެލްތައް ހިންގާ މަންސޫރުގެ ވަކީލު، މިރޭ ކޮންމެވެސް ޝޯއެއް އެމީހުންގެ ހޮޓެލެއް ހުޅުވުމާއިއެކު އޮތީއޯ، ނަހުލާ އަހަރުމެންނަށް އަންގާވެސް ނުލިއެއްނު، އަހަރެން ހީކުރީ އޭނަގެ ރަޙުމަތްތެރިންނާއިއެކު ކަމެއްކުރަނީކަމަށް” ރިޔާޒު ބުންޏެވެ.

“ހަމަ ތެދެއްތަ، ނަހުލާ އެކަހަލަ ކަމެއް ނުކުރާނެ…އެމީހުންނަށް އޮޅިގެން ކަންނޭގެ އެއުޅެނީ” ޖީޒާ ދެރަވެފައި ބުނެލިއެވެ.

“މަންސޫރުމެންގެ ފަރާތުން ވާހަކަދެއްކި ވަކީލު ހުރިހާކަމެއް އޮޅުންފިލުވަދީފި، އެމީހުންނަކީ ބޭފުޅުން ކަހަލަ ބައެއް، ހަމަހުރެފަ މީހެއްގެ ބޮލުގަ އިލްޒާމެއް ނާޅުވާނެ” މިހެންބުނެ ނަވާލްއަށް ގޮވާ އޭނަ އާއިއެކު ގެއިން ނުކުތީ ގާރޑަންވިއުއަށް ދިއުމަށެވެ.

ވަގުތުތައް ފާއިތުވަމުންދިޔައެވެ. ގަޑީގެ ކަށިހުއްޓުމެއްނެތި ހިނގައެވެ. އެހެންނަމަވެސް ގާރޑަންވިއުގައި ތިބި އެކަކަށްވެސް ލަސްވެގެންނޫޅެއެވެ. ލާއިގާ އާއި މަންސޫރު އީލާކް ގޮވައިގެން ގެއަށް ދިޔައީއެވެ. ދެންތިބި މީހުން މަޑުކުރީ ނަހުލާގެ މައިންބަފައިން އަންނާނެ އިރަކަށެވެ. ގިނައިރެއްނުވެ ރިޔާޒް އާއި ނަވާލް ކާރުން ފައިބައިގެން ގާރޑަންއަށްވިއުއަށް ވަދެއްޖެއެވެ. އެތަން ތައްޔާރުކޮއްފައިވާލެއް ފުރިހަމަކަން ރިޔާޒު އަށާއި އޭނަގެ ދޮށީ ދަރިފުޅު ނަވާލްއަށް ފެނުނެވެ. މިފަދަ ހަފްލާއެއްގައި ނަހުލާ ބައިވެރިވިއިރު އެމީހުންނަށް ނޭގުނީ ކީއްވެބާއޭ ސުވާލު އުފެދެމުންދިޔައެވެ. ހޮޓެލްއަށް ވަނުމަށް ހުޅުވާލެވިފައިވާ ދޮރުން ރިޔާޒް އާއި ނަވާލް ވަތްތަން ފެނުމާއިއެކު މޭޒެއްގެ ކައިރީ އިށީނދެލައިގެން ތިބި ޒައުލް އާއި ހާޒިމް އާއި ލޫލުއާ އާއި އީލާކްގެ ދެރަޙުމަތްތެރިންވެސް ތެދުވިއެވެ. މައްސަލަ ގޯސްވެފައިވާވަރު ރިޔާޒުއަށް އެވަގުތުވެސް ނަގައިގަނެވުނެވެ. ޒައުލްގެ މޫނުމަތިން ފެންނަމުންދިޔަ ރުޅިވެރިކަމާއި ދެންތިބި މީހުންގެ މޫނުމަތިންވެސް ފެންނަމުންދިޔައީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ. ހާޒިމް ކުރިއަށް ނުކުމެ ރިޔާޒްއަށް އިށީނުމަށް މޭޒެއް ދައްކާލަމުން އެމޭޒުގެ ދޮށުގައި ޒައުލް އާއި އޭނަވެސް އިށީނެެވެ. ލޫލުއާމެންނާއިއެކު ނަހުލާ އިނެވެ. ކޮންމެ މީހަކު ކުރަނީ އެއްސުވާލެކެވެ. ނަހުލާ އެފަދަ ކަމެއް ކުރީ ކީއްވެހެއްޔެވެ.

ގިނައިރުތަކަކަށް ދެމިގެންދިޔަ އެބައްދަލުވުން ނިންމާލާފައި ހާޒިމް އާއި ޒައުލް ތެދުވިއެވެ. ދެއާއިލާގެ މަސްލަހަތައްޓަކައި ކޯޓާއި ހަމައަށް މައްސަލަ ނުގޮސް ނިމިގެންދިޔައެވެ. ހާޒިމް ލޫލުއާއަށް ނަހުލާ ފޮނުވުމަށް އިޝާރާތުން އަންގާލިއެވެ. އެއާއިއެކު ނަހުލާ ތެދުވެގެން ރިޔާޒުމެންގެ ގާތަށް އައެވެ. ގާޑަންވިއުގެ ދޮރުން ބޭރަށް ނުކުމެވުމާއިއެކު ރިޔާޒުގެ އަޑުއިވިގެންދިޔައެވެ. އޭނަ ނަހުލާއަށް އެއްޗެހި ކިޔަމުން ނުކުމެގެންދިޔައެވެ.

ބޮޑުކަންތައް ގަނޑަކަށްފަހު ރޭގަނޑުގެ އަރާމުނިދި ލިބޭތޯ އެނދުގައި އޮތް ޒައުލްއަކަށް ނުނިދުނެވެ. ހޮޓެލްގައި ނިދަން ދާންވީއޭވެސް އޭނަގެ ހިތަށް އެރިއެވެ. ޔޫހާގެ އެއްވެސް ޚަބަރެއްނުވެ މިހާގިނައިރު އޭނައަދި ނޫޅެއެވެ. ޚާއްޞަކޮށް މިވޭތުގެންދިޔަ ދެތިން ދުވަހުގެ ތެރޭގައެވެ. އޭނަގެ ފޯނުން ޔޫހާގެ ނަންބަރު ހޯދާލިއެވެ. އެހެންނަމަވެސް ގުޅާލާކަށް ނުކެރުނެވެ. ހުކުރުވިލޭރޭއަށްވެފައި ފަހަރެއްގައި ޔޫހާ ނުނިދާވެސް އުޅެދާނެއޭ ޒައުލްގެ ހިތް ބުންޏެވެ. ފޯނު ހިފައިގެން ކޮޓަރިތެރޭ ދެކޮޅަށް ހިނގުމަށްފަހު އަނެއްކާވެސް އޭނަ އެނދުގައި އޮށޯތެވެ. ޒައުލްއަށް ނިދުނީވެސް ގުޅަން ހިޔާލުކޮއްގެން އޮއްވައެވެ.

ނޫސްތަކާއި މަޖައްލާތަކުގައި އީލާކް އާއި ނަހުލާގެ ވާހަކަތައް ފެތުރިގެންދިޔައީ ވަރަށްވެސް ބާރުމިނުގައެވެ. އެކަމަށް ފިޔަވަޅެއް އަޅަން މަންސޫރުގެ އާއިލާއަށް މަޖުބޫރުވިއެވެ. އެހެންވެ ކަންވީގޮތް މީޑިއާއަށް ހާމަކުރިއެވެ. މަހެއްހާ ދުވަހު އެވާހަކަތައް މީޑިއާގެ ތެރޭގައި ބުރުޖަހަމުންގޮސް ނިމުމަކަށް އައެވެ. އީލާކްއަށް ނަފްސާނީ ގޮތުންވަނީ ޝޮކެއްލިބިފައެވެ. ގޭން ބޭރަށް ނުކުންނަން އޭނަ އެއްގޮތަކަށްވެސް ބޭނުމެއްނުވެއެވެ. ހަމަ ހުރެފަވެސް ރޮއެގަންނަނީއެވެ. ނޫނީ ކުއްލި ކުއްލިއަށް ރުޅިގަދަވެ ގޭގައި ހުންނަ އެއްޗިހި ހަލާކު ކުރަނީއެވެ. މި ހުރިހާ ކަމަކާއިހެދި މަންސޫރުގެ އާއިލާވަނީ އީލާކް އާއިމެދު ކަންބޮޑުވެފައެވެ. މަންސޫރުގެ އެދުމުގެ މަތިން މާމަ ލާއިގާ އާއި އީލާކް ގޮވައިގެން ޒައުލް ފުރައިގެން ދިޔައީ ލަންކާއަށެވެ. ހަފްތާއަކު އެކޮޅުގައި މަޑުކުރުމަށްފަހު ލަންކާމަގުން ދެންދިޔައީ މެލޭޝިޔާއަށެވެ. މާމަ ލާއިގާ އެކޮޅުގައި ހަމަޖެހިލަންދެން ދުވަސްކޮޅަކު ޒައުލްއަށް މަޑުކުރަން ޖެހުނެވެ. އެކަމަކު މިފަހަރު އޭނަ މަޑުކުރީ މަޑުކުރާ ހިތަކުންނެއް ނޫނެވެ. އާއިލާއަށްޓަކައެވެ.

އޮކްޓޯބަރު މަހުގެ ދިހައެކެވެ. ޒާރާނާގެ އަނގައިގައިވާ ހުރިހާ ދަތްތަކެއް ފެންނަމުންދިޔައެވެ. މުޅިގޭތެރެ ސާފުކޮއްލާފައިވެއެވެ. ގަސްއިންދާފައިވާ މުށިގަނޑުތައް އާކޮއްލާ މީރުވަސްދުވާފަދަ މާތަށް ގޭތެރޭގައި ހުރި މާވަށިގަނޑުތަކަށް ޖަހާލައިފައިވެއެވެ. އިރުއިރުކޮޅާ ދޮރުކައިރިއަށް ނުކުމެލައެވެ. އޭނަ އިންތިޒާރު ކުރަމުންދިޔައީ އާފާގު ގެއަށް އަންނާނެ އިރަކަށެވެ. އާފާގު ގެއިން ދިޔަފަހުންވެސް މިހާރު ތިންވަރަކަށް ގަޑިއިރުވެދާނެއެވެ. ފޯނެއްވެސް ކޮއްނުލާތީ ޒާރާނާ ހުރީ ކަންބޮޑުވެފައެވެ. ގޭގެ ބިއްދޮށްފަރާތުގައި ހުރި އުނދޯލީގައި މަޑުމަޑުން ހެއްލާލަ ހެއްލާލަ ޒަރާނާއިނެވެ.

“މަންމާ….މަމް…” އައްޔަދުގެ  އަޑު ޒާރާނާގެ ކަންފަތާއި ހަމައަށް ފޯރިއެވެ. އުނދޯލިން ފުއްމައިގެން ތެދުވެވުނު ގޮތްވެސް ޒާރާނާއަށް ނޭގުނެވެ. ގޭތެރެއަށް ނުވަދެވެނިސް އައްޔަދު ޒާރާނާ ހޯދަމުން އެތަނަށް އަތުވެއްޖެއެވެ. ޒާރާނާ ފެނުމާއިއެކު ހިނިތުންވެލާފައި އައިސް ޒަރާނާގެ ގައިގާ ލޯތްބާއިއެކު ބައްދާލިއެވެ.

“ހުއް…މީ މާލެއޭ، ޔޫރަޕެއްނޫނޭ ތިިހެން އުޅޭކަށް…” ޒަރާނާ ދަރިފުޅު އައްޔަދުގެ ގައިގާ ބައްދާލިއެއްކަމަކު އައްޔަދުގެ އަތުގައި ޖަހާލަމުން ބުނެލިއެވެ.

“އޯ ކަމޯން މަމް، ޕްލީޒް މިއަދު ނޯ ލެކްޗަރސް، އަޅުގަނޑު މިއައީނު މަންމަގެ ގާތަށް، މިފަހަރު މިއައީ އެއްކޮށޭ، ދެން ނުދާނަން” އައްޔަދު ހީލާފައި ބުނެލިއެވެ. ޒާރާނާ އޭނަގެ ދަރިފުޅަށް ހިތްފުރެންދެން ބަލާލިއެވެ. އައްޔައްދުގެ ޒުވާންކަން އެއްދުވަހަށްވުރެ އަނެއްދުވަހު އިތުރުވާހެން ޒަރާނާއަށް ހީވެއެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *