LUQAL BANDHAA (BOOK 5) – 2

“ޚަބަރަކީ ކޮބާ؟.” އަބަދުވެސް އެންމެންގެ ތެރެއިން އިސްވެ ވާހަކަދައްކާ ޒިޔަޒެލް އަހާލިއެވެ. ޔޫރާގެ ނަޒަރު އީޝަލްއަށް ހުއްޓުމާއެކު އޭނާ ބޯޖަހާލިއެވެ. ހީވީ އީޝަލްގެ ގާތުން ވާހަކަދެއްކުމުގެ އިޒްނަ ޔޫރާ ހޯދީހެންނެވެ.

ހެދުމުގެ ބޭރުން މުޅި މީހާ ނިވާވާނޭހެން އަޅައިގެން ހުރި ލިބާހުގެ އެތެރެއިން ޔޫރާ ނެގީ އޮޅާލެވިފައިވާ ކަރުދާހެކެވެ. ފެންޑާގައި އެންމެން އިށީނދެ ތިބިތާ މެދުގައި ހުރި ތިރިމޭޒުގެ ކައިރީ ޔޫރާ އައިސް ކުޑަކަކޫ ޖަހާލިއެވެ. އަދި އޭނާގެ އަތުގައި އޮތް ކަރުދާސް މޭޒުމަތީ ފަތުރާލިއެވެ. އެންމެން މޭޒާ ކައިރިއަށް ޖެހިލިއެވެ. ޔޫރާގެ ހަރަކާތްތަކަށް ޝައުގުވެރިވެފައިވާހެންނެވެ. އެ ކަރުދާހުން ފެންނަމުން ދިޔައީ ފާހަގަ ޖަހާފައިވާ ދުނިޔޭގެ ޗާޓެކެވެ.

“އެންމެ ފަހުން އަރްފަޒާދު ފެނުނުކަމަށް ބެލެވެނީ އުތުރުން. މި ދުނިޔެއިން ބޭރަށް ދިއުމުގެ ބާރެއް އޭނާއަށް ލިބިގެންނުވޭ. އޭނާ ހޯދުމަށް އުތުރަށް އަހަރެމެން ދަތުރު ކުރާނީ. ލަފާކުރެވޭ ގޮތުގައި އޭނާ ރޫސީންގެ ތެރޭ ސައިބޭރިއާގެ ފަރުބަދަތަކުގެ ޖިންނީންނާ ގުޅުނީ، ނޫނީ އެންމެ އުތުރަށް އިންސީންގެ ދިރުމެއްނުވާ ފިނީގެ ބިންތަކުން ބިމެއްގައި ހުރީ. މެދުއިރުމައްޗާއި ދުނިޔޭގެ އެންމެ އުތުރުގައި ވަރުގަދަ ދެ ރަސްކަމެއްވޭ. އަގިސްޠަސްއޭ ކިޔުނު ރަސްކަލަކާއި އަމްރު ބިން އަލް ޖައްރާގެ ރަސްކަން. އަރްފަޒާދާއި އަހަރެމެންނާ ކުރީން އޮތް ގުޅުމެއް މިހާރުނެތް. އެހެންވެ އެތައް ގޮތަކަށް ބެލުމުން ވެސް ސީދާ އޭނާ ހުރިތަނެއް ޔަގީނެއްނުވި. އަހަރެމެން އުތުރަށް ދަތުރު ކުރާނީ މި ޗާޓުގައި ފާހަގަކޮށްފައިވާ މަގުތަކުން.” ޔޫރާ މިހެންބުނެ ޒިޔަޒެލްއާއި މީކާޢިލްއަށް ވަކިވަކިން ބަލާލިއެވެ.

ލުގަލް ހުރީ ޔޫރާ ދައްކަމުންދިޔަ ވާހަކަތަކަށް ސަމާލުކަން ދީގެންނެވެ. ބައްޕަ މަރުނުވާކަން އެނގުނީއްސުރެ އޭނާ ހުރީ ބައްޕައާ ބައްދަލުވާނޭ ވަގުތެއްގެ އިންތިޒާރުގައެވެ. ބައްޕައަށް އޭނާ ފެނި ވަކިކުރާން އެނގޭނެބާއޭ ލުގަލް ހިތަށް އަރައެވެ. އޭނާ ދުނިޔޭގައި ދިރިހުރިކަން ބައްޕައަށް އެނގޭނެބާއެވެ. ހަމައެއާއެކު ލުގަލްގެ އެކުވެރީންނަށް ވުމުގެ ކުރީން ޔޫރާއާއި ވައިސިންނީއަކީ އޭނާގެ ބައްޕަގެ ގާތް މިތުރުންނެވެ. އެމީހުން ވެސް އޭނާ ފަދައިން އެތިބީ އަރްފަޒާދާ ބައްދަލުވާނޭ އިރެއްގެ އުންމީދުގައެވެ. އެމީހުންގެ އެކުވެރިޔާއަށް ވީގޮތެއް އެނގެން ބޭނުންވެފައެވެ.

“އަހަރެމެންގެ ތެރެއަށް އައި ސަމިއާނާއަކީ އަގިސްޠަސް ރަސްގެފާނުގެ ކާފަދަރިކަލެއް. ބޭރީތުއާ ގާތްކަމެއް އޮތް ރަސްކަލެއް.” ރައުލް ބުންޏެވެ.

“އެހެންވީރު މިދަތުރުގައި ސަމިއާނާއާ ބައްދަލުވާނެތާ.” ނިކަން ފުޅާ ހިނިތުންވުމަކާއެކު އީޝަލް ބުނެލިއެވެ. ނަމަވެސް ރައުލްއަށް އެކަމާ އެއްޗެއް ބުނާން ދަތިވިއެވެ. ސަމިއާނާގެ ފަރާތުން އެމީހުންނަށް ނުރައްކަލެއްނެތެވެ. އެކަމަކު ރަސްގެފާނު އަގިސްޠަސްއަށް ބޭރީތުގެ ރަސްކަން ނިމިގެންދިޔަ ގޮތް އެނގިފައިވާނަމަ އެމީހުންގެ މައްޗަށް އޯގާތެރިކަން ފާޅުކޮށްފާނެބާއެވެ. ނޫނީ ބޭރީތު ފަދައިން ދުނިޔެއަށް ދަހިވެތިވެފައިވާ ރަސްކަލަކަށް އޭނާ ނުވާނެބާއެވެ. އެމީހުންގެ ކައިރިން ބަދަލު ހިފުމަކަށް އަވަސްވެ ނުގަންނާނެކަމެއް ވެސް ނޭނގެއެވެ.

“އެހެން ބާރެއްގެ ތެރެއަށް ގޮސް ވަންނައިރު އެއީ ނުރައްކަލަށް ނަފްސު ހުށަހެޅުމެކޭ އެއްވަރުކަމެއް.” ދެއަތްއުރާލައިގެން އެއްއަތުން ދަތްތޮދޮޅީގައި ހިފަހައްޓާލައިގެން ވިސްނަން ހުރެފައި ޒިޔަޒެލް ބުންޏެވެ. އޭނާ ވެސް އެ ވިސްނަނީ ރައުލް ފަދައިންކަން ގައިމެވެ.

“ދާން ތިއުޅެނީ އާ މަންޒިލަކަށް. އީޝަލްއާ މެދު ބައްޕަ ކަންބޮޑުވޭ.” މީކާޢިލްއަށް ބުނެވުނެވެ. އޭނާއަށް ފެންނަ ގޮތުގައި އެ ދަތުރުގައި ދާން އެންމެ ރަނގަޅީ ލުގަލްބަންދާއާއި ޔޫރާއާއި ވައިސިންނީއެވެ. އީޝަލްއާއި ރައުލް ޢާއިލާގެ ގާތުގައި މަޑުކުރަންވީއެވެ.

ޒިޔަޒެލްއާއި މީކާޢިލް ވެސް ފިކުރުބޮޑުވަނީ އެއްކަމަކާއެވެ. އީޝަލްއަށް ލިބިފައިވާ ބާރާމެދު އެމީހުން ޝައްކެއްނުކުރެއެވެ. އެއީ ޔަގީނުން ވެސް ޖިންނީން އަޖައިބުކުރުވާނޭ ބާރުތަކެއް ލިބިފައިވާ އަންހެންކުއްޖެކެވެ. ނަމަވެސް އެއީ އެމީހުންގެ ފުރާނަފަދަ ލޯބިވާ ދަރިފުޅެވެ. އެކުއްޖާއާ މެދު ބަޔަކު ނުގޮތަކަށް ބަލާލުމަކީ ވެސް އެމީހުންނަށް ކެތްކުރެވޭނެ ކަމަކަށް ނުވާނެއެވެ. މީހަކާ އިނދެގެން ހުއްޓަސް އީޝަލް އެމީހުންނާ ވަކިން ދުރު ދަތުރުތައް ކުރާން އެއްބާރުލުން ދޭން ދަތިވަނީ އެހެންވެއެވެ. ގިނަބައެއްގެ ލޯތަކުގައި އެ ދަރިފުޅު އަޅައިގަނެ އެކުއްޖާއާ މެދު ނުބައި ރޭވުމެއް ރާވަފާނޭކަމުގެ ބިރަށެވެ. އެމީހުންގެ ތެރޭގައި އުޅުނު ޅަކުއްޖާ ބޮޑުވެ ފުރިހަމަ އަންހެނަކަށްވިޔަސް އެމީހުންނަށް އަބަދުވެސް އީޝަލްއަކީ ލޯބިވާ ކުޑަ ދަރިފުޅަށް ނޫނީ ނުވާނެއެވެ. އެ ދަރިފުޅު ހިމާޔަތްކުރުމަށް ޓަކައި ހިންދުކަނޑުގެ ޖައްބާރު ރަސްގެފާނު ބޭރީތާ ކުރެވުނު ހަނގުރާމަ ނިމުނުތާ އަދި އެއް އަހަރު ވެސް ނުވޭ ވިއްޔާއެވެ. އެކަން އެހެން އޮއްވާ އަނެއްކާ އެހެން ނުރައްކަލެއްގެ ތެރެއަށް އެ ކުއްޖާ ހުށަހެޅިދާނޭ ހީވާ ފަދަ ނިންމުމެއް ނިންމާނީ ކިހިނެއް ހެއްޔެވެ.

“އަހަރެމެންނާ ދިމާކުރަން ކެރުނަސް އަހަރެމެންގެ ކައިރިން އިރާދަކުރެއްވިއްޔާ ކުރިޔެއް ނުލިބޭނެ. އެއަށްވުރެ އަހަރެމެން ހުސިޔާރުވާނެ. އީޝަލްއަށް އަންނަ ކޮންމެ ހަމަލާއެއް ދިފާއުކުރުމުގައި އަހަރެމެން ސާބިތުވެ ތިބޭނީ. އެހެންވީމަ ކަންބޮޑުނުވޭ.” ވައިސިންނީ ބުންޏެވެ.

ދަތުރުގެ މަޝްވަރާތައް ކުރިޔައް ދިޔައެވެ. ޒިޔަޒެލްއާއި މީކާޢިލްގެ ކަންބޮޑުވުން ލުގަލްއަށް ވިސްނި އޭނާ އެމީހުންގެ ވާހަކައަށް ތާޢީދުކުރިއެވެ. ބައްޕަގެ ޚަބަރު ހޯދުމަށް އޭނާ ހިނގައިދާނަން ކަމުގައި ބުންޏެވެ. ނަމަވެސް އެހެން ބައިވެރީންނާއެކީ ލުގަލް އެކަނިދާން އީޝަލް އެއްބަހެއްނުވިއެވެ. ލުގަލްބަންދާއަށް އީޝަލް ޚާއްޞަވާ ފަދައިން އޭނާއަށް ވެސް ލުގަލްއަކީ ވަރަށް މުހިންމު ފަރާތެކެވެ. ދަތުރުގައި ބައިވެރިވާނޭ މެންބަރުންނާ ބެހޭ ގޮތުން ވާހަކަ ދެކެވެމުންދަނިކޮށް، އީޝަލްގެ ހަށިފާރަވެރީންނާއެކީ އެ ދަތުރުގައި އިކަރޯސްއާއި ޠަލަބްގެ ދެބެން ބައިވެރިވާން އެދި އިސްނެގިއެވެ. އެ ނިންމުން އެންމެން ދޫކޮށްލީ އީޝަލްގެ އަތްމައްޗަށެވެ. އިކަރޯސް ހުރީ ދުނިޔެ ބަލާލަން ބޭނުންވެފައެވެ. ބިންގަރާހެއްގެ އެންމެ އަޑީގައިވާ ކަނބުރުގޭގައި އުމުރުގެ ބޮޑުބައި ހޭދަކޮށްފައިވާ އިކަރޯސްއަށް މިނިވަންކަން ލިބުނީ އުމްމު ޒޮރައިދާއާއި ރައުލްގެ ސަބަބުންނެވެ. ވީއިރު މި ދަތުރު ވާނީ އޭނާއަށް ދުނިޔެތެރެ ބަލާލަން ލިބޭނެ ރަނުގެ ފުރުޞަތަކަށެވެ. އެކަމަށް އީޝަލް ރުހުން ދިނުމަށްފަހު ދަތުރަށް ނުކުންނާނޭ ވަގުތެއް ކަނޑައެޅުން އޮތީ ޔޫރާގެ އަތް މައްޗަށް ދޫކޮށްލާފައެވެ. އެކަމަކު މާމައާއި ބޮޑުދައިތައާ ބައްދަލުކޮށްފައި ނޫނީ ދަތުރަށް ނުކުންނާކަށް އީޝަލް ބޭނުމެއްނުވެއެވެ. ދަތުރަށް ތައްޔާރުވުމަށް ޓަކައި ކުރާން ހުރި ހުރިހާކަމަކާ ހަވާލުވެ ހުރީ ޔޫރާއެވެ.

ރައުލްއާއި އީޝަލް ނިދަން ވަންއިރު ވެސް ގޭގެ ތިރީ ބޮޑުފެންޑާގައި ދެންތިބި އެންމެން މަޝްވަރާގައި ތިއްބެވެ. ކޮޓަރިއަށް ވަދެވި ތަންމަތީގައި ރައުލް ހަމަޖެހިލިއެވެ. އަނބިމީހާގެ އިންތިޒާރުގައި އޭނާ އޮތެވެ. އީޝަލް އަންނާތީ ފެނުމާއެކު ރައުލްގެ ހިތް އަވަސްވިއެވެ. ކޮޓަރީގެ އެއްކަނުގައި މީރުވަސްދުވާ ދުންކިބަ ބަހައްޓާލާފައި އީޝަލް ހިންދެމިލިއެވެ. ތުނި ނިދާހެދުމުގެ ތެރެއިން އީޝަލްގެ ރީތި ބައްޓަން ފާޅުވޭވޭ ހުއްޓެވެ. އަނބިމީހާގެ ރީތިކަމަށް ތާރީފުކޮށްލުމާއެކު ކުރިޔަށް ރައުލްގެ ކަނާއަތް ދަމާލިއެވެ. އެ އަތުގައި އީޝަލް ހިފާލައިގެން ރައުލްގެ ގާތަށް އަރައިފިއެވެ. ފިރިމީހާގެ އަތުގެތެރެއަށް ވަދެ ތަންމަތީގައި ހަމަޖެހިލައިފިއެވެ. ކުރުއަތްމައްޗަށް ތެދުވެލައިގެން އޮވެ އީޝަލްގެ ކޯތާފަތުގައި ރައުލް ބޮސްދިނެވެ. އޮށޯންނަން އުޅުނުއިރު އެއްފަރާތު ކޮނޑުމަތިން ކުރިމައްޗަށް ސޮހިގެން ފޭބި އީޝަލްގެ ދިގު އިސްތަށިގަނޑު ފެނި ބޮލުގައި ރައުލް ފިރުމާލިއެވެ. އެހިނދު އީޝަލްގެ އިސްތަށިގަނޑުން ރަތްކުލައަށް ބަދަލުވެފައިވާ އިސްތަށިކޮޅުތަކަށް ރައުލްގެ ސަމާލުކަން ހުއްޓުނެވެ. މަޑުމަޑުން އެ އިސްތަށިކޮޅުތަށް ރައުލްގެ އަތުގެ ތެރެއަށް ލައި ހިފަހައްޓާލައިގެން އިނެވެ.

“ތީ އަހަރެންގެ ހައްޤެއް. އަހަރެންގެ ލޯބިވާ ފުރާނަޔާ.” އިސްތަށިކޮޅަށް ބަލަން އިނދެފައި އީޝަލްގެ ބޮލުގައި ރައުލް ބޯޖައްސާލަމުން ބުންޏެވެ. ރައުލްގެ އިޙްސާސްތައް ދެނެގަންނަން އީޝަލްއަށް އެނގެއެވެ. އޭނާ ދުރަށް ޖެހިލައި ރައުލްގެ އަތުގެ ތެރެއިން އިސްތަށިގަނޑުގެ ބައި މިނިވަންކޮށްލިއެވެ. ފިރިމީހާގެ ހަސަދަވެރިކަން ފެންނަ ކޮންމެ ފަހަރަކު އީޝަލްގެ ހިތުގައި ރައުލްއަށް ދެވިފައިވާ ލޯބި އިތުރުވެގެން ދެއެވެ.

“މީ އަހަންނާ އެމީހުންނާ ގުޅިފައިވާކަމުގެ ރަމްޒެއް. އެކަމަކު މި ހިތާއި މި ހަށިގަނޑަކީ ރައުލްގެ ހައްޤެއް. އަހަރެންގެ ބޮލުން އިސްތަށްޓެއްގައި ވެސް މިހާރު ބީހުމުގެ ހުއްދައެއް އެކަކަށް ވެސް ނެތް. ހުރިހާ ގޮތަކުން އަހަރެން މިވަނީ ލޯބިވާ ފިރިމީހާގެ މިލްކަކަށްވެފައި. ރައުލްއާނުލާ އަހަރެންގެ ހަޔާތުގެ އެއްވެސް ކަމެއް ފުރިހަމައެއްނުވާނެ. ދެން ގިނައިރުނުކުރޭ. އަހަރެން މިވަނީ ރައުލްއަށް ބޭނުންވެފައި.” އީޝަލްގެ ފަހުބަހާއެކު ރައުލްގެ ތުންފަތް ދެމިލައިފިއެވެ. ރައުލްގެ މޫނު ގެނެސް އީޝަލްގެ މޭގައި ފޮރުވާލިއެވެ. ލުއިލުއި ހީނލުމިގެ އަޑު އިވިގެންދިޔައިރު އެކަމުގެ އިޙްސާސް އީޝަލްގެ މެޔަށް ކުރެވިގެންދިޔައވެ. އެއާއެކު އީޝަލްގެ ލުއި ހީނލުމުގެ އަޑު ކޮޓަރިތެރެއަށް ފެތުރިގެންދިޔައެވެ. އީޝަލް އެހާފާޅުކޮށް ރައުލްއަށް ބޭނުންވެ އެދޭ ހަމަ ކޮންމެ ފަހަރަކު އޭނާ ލަދުން ރަކިވެގެން މޫނުފޮރުވާނެއެވެ. އެކަމަކު ރައުލްގެ އެ ސިފަ ޚާއްޞަވެފައިވަނީ ހަމައެކަނި އީޝަލްއަށެވެ. އެ ދެމަފިރިން އެކަނި ތިބޭ ވަގުތުތަކުގައެވެ. އެހެންނޫނީ ރައުލް އަބަދުވެސް ފެންނާނީ ހިނިތުންވާން ނޭނގޭ އެހެނަސް ފިރިހެންވަންތަ ޖެހިލުންކުޑަ ފަހުލަވާނެއް ހެންނެވެ.

އިރުމަތީފެންޑާއާ ދިމާއިން ބެރެބެދިގަހުގެ އެންމެ މައްޗަށް ހެދިފައި ހުރި ދިގު ގޮފިގަނޑުގެ މަތީ އުޑުތިލަމަތިން ލުގަލް އޮތެވެ. އޭނާގެ ވައަތުފައި ގޮފިގަނޑުން ތިރިއަށް އެލުވާލައިގެންނެވެ. އުޑުގައިވާ ތަރިތަކަށް އޭނާ ބަލަނީއެވެ. އެކަމަކު ސިކުނޑީގައިވަނީ ތަރިތަކުގެ ޚިޔާލުތަކެއް ނޫނެވެ. އޭނާ އަދިވެސް އެ ވިސްނަނީ ބައްޕައާ މެދުއެވެ. އޭނާގެ ބައްޕައަކީ ކުޅަދާނަ އޭނާފަދަ ވަރުގަދަ ބާރެއް ލިބިފައިވާ މަޚްލޫޤަކަށް ވާއިރު ބައްޕައަށް ވީ ކިހިނެއްބާއޭ ޚުދު ލުގަލް ވެސް ހިތަށް އަރައެވެ. ހަމައެއާއެކު ބައްޕައާ ކުރަން ބޭނުންވާ އެތައް ސުވާލެއް ލުގަލްގެ ހިތުގައި ވެއެވެ. އެ ޚިޔާލުތަކުގައި ވަނިކޮށް އޭނާގެ ގާތުން ޔޫރާ ފާޅުވިކަމުގެ ހިލަންވިއެވެ. އޭގެ ހަމަ ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭ ވައިސިންނީ ވެސް އަތުވެއްޖެއެވެ.

“ތިހެން އޮންނަތާ ހާދަ އިރެއްވެއްޖޭ.” ޔޫރާ ބުންޏެވެ.

“ކަލޭ އަރްފަޒާދާ މެދު ވިސްނަނީތަ؟.” ވައިސިންނީ އަހާލިއެވެ.

“ބައްޕަ ދުނިޔޭގައި ހުރިކަން ޔޫރާއަށް ހަމަ ޔަގީންތަ.” ލުގަލް ތެދުވެލައި ގަހުގައި ލެނގިލިއެވެ.

“އާން. ޔަގީން ކަށަވަރުކަމެއް އެއީ. އެކަމަކު އޭނާގެ ހާލަކީ ކޮބާކަމެއް ބުނާކަށް ނޭނގޭ.” ޔޫރާ ބުންޏެވެ.

“އީޝަލްއަށް ނުރައްކަލެއް އަތުވެދާނެތަ؟.” ލުގަލް ދެވަނަ ސުވާލެއް ކުރިއެވެ.

“އެކަހަލަ ހުރަހެއް އަދިއެއްނެތް. އެކަމަކު އަހަރެން އޭނާއާއި ރައުލްއަށް ޓަކައި ޚާއްޞަ ހެދުމެއް ތައްޔާރު އެބަކުރަން. އެމީހުންގެ ރައްކަލަކަށް. އަދި ހުރިހާ ވަގުތެއްގައި އަހަރެމެން އީޝަލްއާއެކީ ތިބޭނެ. އަހަރެމެންގެ އައްޑަނަ ފޫދުއްވާލުމަކީ ކުޅަދާނަކަމެއްނޫން.” ޔޫރާ ބުންޏެވެ.

“ލުގަލް. ކަލެއަށްވީ ކިހިނެއްކަން އަދިވެސް ކިޔައެއްނުދެމެންނު.” ވައިސިންނީ ވާހަކަދެއްކިއެވެ.

“އަހަރެންގެ ބައްޕައާ ބައްދަލުނުވަނީސް އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއްނޫން.” ދުރަށް ބަލަން އިނދެ ލުގަލްބަންދާ ބުންޏެވެ.

“ކަލޭގެ މައްޗަށް ތިހާ އަނިޔާވެރިވީ ކާކުކަން ބުނޭ. އަހަރެމެން އޭނާގެ ކިބައިން ތިކަމުގެ ބަދަލު ހިފާނަން. އަރްފަޒާދަށް ޓަކައި ވެސް އެމީހެއްގެ ދުވަސް ދުއްވާލާނަން. އަހަރެމެންގެ ތެރެއިން އުޅޭ ނުބައި ޝައިތާނެއްގެ ޢަމަލަކަށް ނޫނީ ތިކަން ނުވޭ.” ވައިސިންނީ ބުންޏެވެ.

ލުގަލްބަންދާގެ ހަނދާންތައް މާޒީއަށް ދަތުރުކުރިއެވެ. ބާރަ އަހަރުގެ އަންހެންކުއްޖާ އޭނާއަށް ޓަކައި ގިސްލާ ރޮމުންދިޔަތަން ދުށްޓެވެ. އޭރު ލުގަލްވަނީ ދިރިހުރުން ދޫކޮށް މަރަށް އެދިއެދިއެވެ. ނަމަވެސް އެ އަންހެންކުއްޖާ އައީ ރަޙުމަތުގެ ވާރޭ ފަދައިންނެވެ. ޒަޚަމްތަކަށް ލިބުނު ޝިފާއެއްގެ ގޮތުގައެވެ. މުޅިން އާ ދުނިޔެއަކަށް އޭނާ އުފަންކުރުވި ފަދައެވެ. އެހިސާބުން އަމިއްލަ ނަފްސުގެ މައްޗައް އޮތް އިޚްތިޔާރު ދޫވެގެންދިޔައީއެވެ.

“އެކަން ނިމިއްޖެ. ބަދަލުހިފުމުގެ ބޭނުމެއްނެތް.” ލުގަލް ބުނެލިއެވެ.

“ކީއްވެ؟. އޭނާ ނެތިގެން ދިޔައީތަ.” ވައިސިންނީ އެއްސެވެ.

ލުގަލް ވާހަކަ ނުދައްކާ ގޮފިގަނޑު މައްޗަށް ކޮޅަށް ތެދުވިއެވެ. އަދި އޭނާ އިރުމަތީ ފެންޑާއަށް ފުއްމާލިއެވެ. ވައިސިންނީ އޭނާގެ ފަހަތުން ދާން އުޅުމުން އޭނާ ހުއްޓުވީ ޔޫރާއެވެ.

“އީޝަލްއާ ލުގަލް ބައްދަލުވުމަކީ ތަޤްދީރު. އެ ދެ މީހުން ބައްދަލުނުވިނަމަ އެ ދުވަހު އަހަރެމެން ދެމީހުން އެއްތަންވީ ގޮތަށް އަހަރެމެންނާއެކީ ހުރީހީ އަރްފަޒާދު.” ޔޫރާ ބުންޏެވެ.

“އަރްފަޒާދަކީ ޖާނު ސަލާމަތްކުރާން ފިލަން ދުވާނެ ފިނޑިއެއްނޫން. އެއީ އަހަރެމެން ދުށް އެންމެ ޖެހިލުންކުޑަ މީހާ. ދަރިފުޅާއި އަނބިމީހާ ދޫކޮށްލާފައި އޭނާ ދާނެއެކޭ އަހަރެން ޤަބޫލެއްނުކުރާނަން. ކުޑަކުޑަ ލުގަލް އަނިޔާވެރިއެއްގެ އަތްމައްޗަށް ދޫކޮށެއްނުލާނެ. ބޮޑު މުސީބާތެއް އޭނާއާ ކުރިމަތިވީކަން ޔަގީން. މިހާރު މިވަގުތު ގޮސް އޭނާ ހުރިތަނަކުން ހޯދައި ބައްދަލުކުރާހާ އަހަރެން މިވަނީ ކެތްމަދުވެފައި. އަހަރެމެން ފެނުމުން އޭނާ އުފާވާނޭހެން ހީވޭތަ؟. ޤަލްބީގެ ޒަމާން ދިއުމުން އަހަރެމެން ދެން ބައްދަލުވާނޭކަމުގެ އުންމީދު ގެއްލުނު. އެކަމަކު މިއަދު އަހަރެމެންނަށް ގޮވާލެވޭވަރުގެ ބާރުގަދަ ސާހިބަކު ފާޅުވެއްޖެކަން އެނގުމުން އެއީ ކާކުތޯ އެނގެން އޭނާ ބޭނުންވާނެކަން ޔަގީން. އަދި އެންމެ އަޖައިބުވާނީ އަހަރެމެންނާއެކީ އޭނާގެ ބަދަލުގައި ހުރީ ލުގަލްކަން އެނގުނީމަ. އޭނާއަށްވުރެ ޒުވާން ލުގަލް ބާރުގަދަވެފައި މާ ކުޅަދާނަ. ނޫންތަ… އެ ދެމީހުން ބައްދައިގެން މޮޅުވާނީ ކާކުތޯ ބަލަން އަހަރެން ބޭނުން.” ޚިޔާލުތަކަށް ގެއްލި އިނދެ ވައިސިންނީ ވާހަކަދެއްކިއެވެ.

“ދެން ދޭ ނިދަން. އަހަރެން ކުރަން ހުރި ބައެއް މަސައްކަތްތައް ނިންމަން މިދަނީ.” ޔޫރާ ތެދުވަމުން ބުންޏެވެ. އަރްފަޒާދު ހުރި ހާލެއް ޔަގީންނުވާއިރު އެ އެކުވެރިޔާގެ ވާހަކަދައްކަން ޔޫރާއަށް ފަސޭހަކަމަކަށްނުވީއެވެ.

* * * * *

ކުއްލިއަކަށް ރަށުތެރެއަށް ފުން ހިމޭންކަމެއް ވެރިވެއްޖެއެވެ. ރަށުތެރެ ބަލަހައްޓާ ސިފައިން ސަމާލުކަމަށް އައެވެ. އެންމެންގެ ލޯތައް އަމާޒުވެފައި ހުރީ އެ ރަށާ ދިމާއަށް އަންނަ މީހުންނަށެވެ. ބާރުގަދަ ބިޔަ ލަޝްކަރެއް އެ ރަށާ ދިމާއަށް އަންނަ ފަދައެވެ. ނަމަވެސް އެއްވެސް ބަޔަކު ނުފެނެއެވެ. ދުރުން ފެށިގެން ބޯކަޅުވިލާގަނޑެއް ހަފަރާތުން ދުނިޔެ ކަމުން އަންނަފަދަ ބިރުވެރިކަމެއްގެ އިޙްސާސްގައި ހުރިހާ ޖިންނީން ޖެހިއްޖެއެވެ. ތޫފާނެއްގެ އަލާމާތްބާއޭ ހީވާ ކަހަލައެވެ. ގަނޑުވަރުގެ ދޮރޯށިތަކާއި ބުރުޒުތަކަށް އިތުރު ސިފައިން އެއްވެއްޖެއެވެ. ދުނިދަނޑިތައް އަމާޒަށް ހިއްލާލެވި ވާންކުރެވިގެން ދިޔައެވެ. ކޯލާގެތަކުގައި ބަލަން ތިބި ސިފައިންނަށް ދެ ހިޔަނި ފެނިގެން އެކަން އިއުލާންކުރިއެވެ. ދެން އެންމެން ބަލަބަލާ ތިއްބާ ކަޅު ލިބާހެއްގެ ތެރޭގައި ބޮލާއެކު ފޮރިވިގެން ހުރި އަންހެނަކާއި ފިރިހެނަކު ގަނޑުވަރުގެ ކުރިމައްޗަށް ފައިބައިފިއެވެ. އަދި ވަށައިގެން ފެންނަމުން ދިޔަ ކަޅުއަނދިރިކަން ބިމަށް ފައިބާ އޮލަ ދުންގަނޑެއްހެން ބިންމަތީ ދުވަމުން އައިސް އަންހެން މީހާގެ ހިޔަނީގެ ތެރެއަށް ވަދެ އޮބިއްޖެއެވެ.

“ހަމަ މިހާރު ތިހުރި ހިސާބުގައި ހުއްޓޭ.” ދޮރޯށިތައް ދޮށުގައި ގަނޑުވަރުގެ ހިމާޔަތުގައި ތިބި ދެޔޯތަކުން އެކަކު ކުރިޔަށް ނުކުމެ ހުރަސްއެޅިއެވެ. އޭރު އޭނާގެ ބިޔަ ދިގު ކަނޑި ވަނީ އޭގެ ދެ މީހުންނާ ދިމާއަށް ދަމާލެވިފައެވެ. އިރުގެ އަލީގައި ކަނޑީގެ މިޔަ ވިދަވިދާ އޮތެވެ. ކުރިޔަށް އެންމެ ފިޔަވަޅެއް އެޅިޔަސް އެ މިޔައިން އެ މީހުންގެ ބޯތައް ކަނދުރާއާ ވަކިވާން ސުކުންތެއް ވެސް ނުނަގާނެއެވެ. ހަމައެހިނދު ސިފައިންގެ އިސްކޮމާންޑަރެއް އަލިރޮނގެއް ފަދައިން ކުއްލިއަކަށް އެ ތަނަށް އަތުވެއްޖެއެވެ. އޭނާގެ ކަމަރުގައި އޮތް ކަނޑީގެ އަތްގަނޑުގައި ހިފަހައްޓާލައިގެން ހުރި ގޮތުން އެ ހުރީ އަތުވެދާނޭ ނުރައްކަލަކަށް ހުސިޔާރުވެގެންކަން ގައިމެވެ.

“ތިޔައީ ކޮންބައެއް؟ މިތަނުގެ އަހުލުންނެއްނޫން.” ކޮމާންޑާރު ހަރުއަޑުން ސުވާލުކުރިއެވެ.

(ނުނިމޭ)

One Comment to “LUQAL BANDHAA (BOOK 5) – 2”

Leave a Comment

Your email address will not be published. Required fields are marked *