LOABIVAANAMEY [EP.04]

“އެ އިވުނީ އޭނަ އައި އަޑު… ހިނގާ އަވަހަށް ތެންކިޔު ބުނަން ދޯ.” ދަރިފުޅާ އައިލީން ވާހަކަދެއްކި އެވެ.

——————————-

( 5 ސެޕްޓެމްބަރ 2026 އާ ގުޅޭ )

ތުއްތު އަމާރާ އަޑުލައްވާލި ގޮތުން ހީވީ މަންމަގެ ދޯއަށް ޖަވާބެއް ބުނެލީ ހެންނެވެ. އޭރު ވެސް ދެ އަތުން އަނގަޔަށް ލައިގެން އުޅޭ ބޯޅައިގެ ސަބަބުން ސޮނިތައް ފައިބަމުން ދިޔަ އެވެ. ދަރިފުޅުގެ ކޮންމެ ހަރަކާތަކަށް ސަމާލުކަންދޭ އައިލީނަށް އެކުއްޖާ ނަގަން ތިރިވެލި ގޮތަށް، މިފަހަރު އިނދެވުނީ ހެވިފަ އެވެ. ދަރިފުޅުނަގައި އުރާލައި މޭގައި އެކުއްޖާފުޅު ބޮނޑިކޮށްލި އެވެ. އަތުން ބޯޅަ ވެއްޓުނީތީ އަމާރާ ކުސްޖަހާލި އެވެ. އެހެންވިޔަސް އެކަމަށް ފަރުވާލެއްނެތި އިންތިހާ ލޯތްބާއެކު ކުޑަދަރިފުޅުގެ މޫނުގައި އައިލީން ބޮސްދީފި އެވެ. އޭނާގެ ނަފްސުގެ ފަރުވާއަކީ އެ ކުޑަދަރިފުޅު ފަދަ އެވެ.

“ތީ މަންމަގެ ހުރިހާ ހިތްވަރެއް. ދަރިފުޅާނުލާ ނޫޅެވޭނެ.” އައިލީން ހިތާހިތުން ކިޔާލި އެވެ.

އަމާރާ އުރާލައިގެން އައިލީން ތެދުވި އެވެ. ބަދިގޭ ކަބަޑުސެޓާ ދިމާއަށް އޭނާ އައެވެ. އައިސްއަލަމާރި ހުޅުވާލި އެވެ. އެއް އަތުން ދޮރުފަތުގައި ހިފަހައްޓާލައިގެން އޭގައި ހުރި އެއްޗެއްސަށް ބަލަން އައިލީން ހުއްޓެވެ.

ދޮރުކައިރީގައި ހުރި ކޮތަޅާ ހެދި ރޭގައި އައިލީނަށް ރަނގަޅަށް ނުނިދެ އެވެ. އިރުއިރުކޮޅާ ހޭލެވެ އެވެ. އެއިން ކޮންމެ ފަހަރަކު ޒަހްރާނުގެ ޚިޔާލުތައް އައިސް އޭނާ ވަށާލަ އެވެ. ހަމަހިމޭންކަމުގެ ތެރެއިން ޒަހްރާނުގެ ފިޔަވަޅުގެ އަޑު އިވިދާނޭހެން ބައެއް ފަހަރު ހީވެ އެވެ. ނޫނީ ހޭލެވޭއިރު އެ އެޕާޓްމެންޓަށް ވަދެ އައިލީންގެ ކުރިމަތީ ހުރެދާނޭ ހީވަނީ އެވެ. ގަދަކަމުން އޭނާ ދޫކޮށްލާފައި އައި ޖަލުގެ ތެރެއަށް ދަމާފައި ގެންގޮސްދާނޭތީ ބިރުގަންނަނީ އެވެ. އެ ބިރުވެރިކަމަކީ ޒަހްރާނު ދޫކޮށް އައިފަހުން އައިލީންގެ ކަންބޮޑުވުންތަކަށް އިތުރުވި ހާސްކަމެވެ.

ފަތިސްވެ އިރު އަރައި ދުނިޔެ މަތި އަލިކޮށްލިއިރު ވެސް އައިލީން ކަންބޮޑުވެ ބިރުގަންނަންޖެހޭ އަޑެއް ނީވެ އެވެ. ހަޅޭލެވުމެއް، އެއްޗެހި އުކާ އަޑެއް ނެތެވެ. ހަމައެކަނި އިވެމުންދިޔައީ ސީލިންގުގައި ހަރުކޮށްފައިވާ ފަންކާ އެނބުރޭ އަޑެވެ. ޖެހިގެން ހުރި އެޕާޓްމެންޓުގެ ތެރެއިން ވެސް ބާރުއަޑެއް ނީވެ އެވެ. ފަތިހު އަރްކާން ނުކުތްކަން އައިލީން ދެނަހުއްޓެވެ. އެހެންވިޔަސް އޭނާއަށް ފާހަގަކުރެވުނީ އެބައިގެ ދޮރު ލައްޕާ ތަޅުލުމުގައި މިފަހަރު އަރްކާން ފަރުވާތެރިވިކަމެވެ. ބާރު އަޑެއް އިވުނަ ނުދިނުމަށެވެ. ބޭރު ދޮރޯށި ވެސް އޭނާ ދިޔައީ މަޑުމަޑުން ލައްޕާފަ އެވެ.

“އަހަރެމެންނަކީ ނުދަންނަ ދެ މީހުން. އެހެންވިޔަސް އޭނާ އެ ކޮށްދިނީ ވަރަށް ބޮޑު ހެޔޮކަމެއް. ކުރަންޖެހޭ ޚަރަދަކުން ސަލާމަތްވެއްޖެ. ޝުކުރު އަދާކުރަން ވަރަށް ބޭނުން. އެކަމަކު… އެކަމަކު ކޯއްޗެއް ދޭނީ.”

އައިލީން ވިސްނަމުން ދިޔަ އެވެ. އޭނާއަށް އަރްކާން ހުންނަ ގޮތެއް ނުވެސް އެނގެ އެވެ. އެނގޭހާ ވެސް މިންވަރަކީ އެއީ އިސްކޮޅުން ދިގު ބިޔަ މީހެއްކަމެވެ. އެވަރު ދެނެގަތީ އައިލީނަށް ކުޑަދޮރުކައިރިން ފެނުނު ހިޔަނިންނެވެ. އެ ޚިޔާލުން އޭނާ ހިސާބަކަށް ފިނިވެ ފަސްޖެހޭ ގޮތްވި އެވެ. އެހެންވިޔަސް ދާދި ކުޑަ ހިނދުކޮޅެއް ތެރޭ އޭނާ ދެފަރާތަށް ބޯހޫރާލައިފި އެވެ. ހާސްކުރުވަން މަސައްކަތް ކުރަމުން ދިޔަ ޚިޔާލުތައް ހާވިޔާކޮށްލީ ފަދައަކުންނެވެ. ހިތްވަރާއި ކެރުމަށް ފުރުޞަތުދޭން ހިތާއި ޟަމީރު އެދެމުންދިޔައީތީ އެވެ. މާޒީގެ އަނދިރިކަމުން ނުކުންނަން ބޭނުންވެފައި ހުރީމަ އެވެ.

އައިސްއަލަމާރީގެ ތެރެއިން އޭނާ ނެގީ ރޭގައި އަރްކާން ގެނެސްދިން ކޮތަޅުގައި ހުރި މޭވާތަކުން އާފަލެކެވެ. ހަމަ އެންމެ އާފަލެކެވެ. ދަހިވެތިކަމެއް ހިތުގައި އޮވެގެންނެއް ނޫނެވެ. މަޖުބޫރީ ހާލަތުގެ ސަބަބުންނެވެ. މިވަގުތު އޭނާ އިނީ އެތަކެއްޗަށް ބޭނުން ޖެހިފައެވެ. ބޮޑެތި ޚަރަދުތަކެއް ކުރާހާ ފައިސާއެއް އަތަކު ނެތެވެ. އާމްދަނީ ލިބޭނޭ ގޮތެއް ވެސް ނެތެވެ.

“ލެޓްސް ގިވް ހިމް އެން އެޕަލް.” ލަފުޒުތައް ވަކިވަކިން ލަސްގޮތަކަށް އަމުނާލަމުން އުރުގައި އިން ދަރިފުޅަށް އައިލީން ނެގި ރަތް އާފަލު ދައްކާލި އެވެ. އެވަރުން އައިލީންގެ ހިތެއް ނުފުރެ އެވެ. އެހެންވިޔަސް އޭނާ ހާލަތަށް ބޯލެނބީ އެވެ.

“ރެޑީ…”

އެޕާޓްމެންޓުގެ މައިދޮރު ކައިރީ ހުއްޓިލައި އަމާރާއަށް ބަލާލާފައި އައިލީން އަހާލި އެވެ. ހަޤީޤަތުގައި އޭނާގެ އަމިއްލަ ނަފްސަށް ވަގުތު ބޭނުންވަނީ އެވެ. އަރްކާނަކީ ކޮންކަހަލަ މީހެއްކަމެއް ނޭނގުނަސް، އޭނާގެ ކުޑަކުޑަ ހެޔޮޢަމަލުން އައިލީނަށް “ހިތްހެޔޮ” މީހެއްގެ ގޮތުގައި ދުށުމަށް ޟަމީރު ތަންދިނެވެ. ފުންނޭވާއެއް އައިލީން ދޫކޮށްލި އެވެ. ދޮރުގެ ތަޅުގެ އަތްގަނޑުގައި ހިފާލި އެވެ. އިތުރު ދެތިން މިނެޓު އެގޮތުގައި އޭނާ ހުރުމަށްފަހު ދޮރު ހުޅުވާލި އެވެ. ޖެހިލުންވެ ހުރެ ބޭރަށް ފިޔަވަޅު އަޅާލި އެވެ. އެނބުރި އައިސް އަވަހަށް ވަންނަން ގަސްދުކޮށް ދޮރު ބެހެއްޓީ ހުޅުވާފަ އެވެ. މަޑުމަޑުން އޭނާ ހިނގައިގަތެވެ. ކުރިމަތިވެދާނެ ސިހުމަކަށް އައިލީން ސަމާލުވެ ހުރި ފަދަ އެވެ.

އަރްކާން ދިރިއުޅޭ އެޕާޓްމެންޓުގެ ދޮރުމަތީ އިރުކޮޅަކު އައިލީނަށް ހުރެވުނެވެ. އެހިސާބަށް އައިސްފައި އޭނާގެ ޚިޔާލު، އަމިއްލަ ނިންމުމާ ދެކޮޅުވާން ފެށީ އެވެ. ދެއަތަށް ކިރިކިރި ހުރެފައި އައިލީން ދަތްތައް ބާރުކޮށްލި އެވެ. ދެން ފެނުނީ ދަރިފުޅު ގޮވައިގެން ތިރިވެލާފައި ދޮރުކުރިމަތީ އޭނާގެ އަތުގައި އޮތް ކަރުދާސްގަނޑު ބޭއްވިތަނެވެ. ގެނައި އާފަލު އެ ކަރުދާހުގެ މަތީ ބޭންދި އެވެ. ހިންދެމިލައި ދޮރުފަތުގައި ވައަތުން ޓަކި ޖަހާލި އެވެ. ހިތްވަރު އެލުމުގެ ކުރީން އޭނާ ގަސްދުކުރި ކަންތައް ކުރީ އެވެ.

* * * * *

ފެންވަރައިގެން ނުކުތް އަރްކާން އެނދުގެ ފައިލާކޮޅުގައި އޮތް “ސްވެޓްޕޭންޓްސް” ނަގައި ލި އެވެ. އަދި އުނުން ނައްޓާލި ތުވާލިން ބޯހިއްކަމުން އޭނާ ކޮޓަރިން ނުކުތެވެ. އެހިނދު އޭނާ ސަމާލުކަމަށް ގެނުވީ ދޮރުކައިރީ މީހަކު އުޅޭކަމުގެ ހިލަމެވެ. އަނެއްކޮޅުން އޭނާގެ ކަންފަތަށް ހޭނެން މަޖުބޫރުކުރާ ކުޑަކުއްޖާގެ އަޑެއް ނޯޅޭނެ އެވެ. ހަރަކާތެއް ނުކޮށް އެޕާޓްމެންޓުގެ މައިދޮރާ ދިމާއަށް ބަލަހައްޓައިގެން އަރްކާން ހުއްޓެވެ.

“ވަޓް އާ ޔޫ ޑުއިން.” އަމިއްލަ ނަފްސަށް ވެސް ސިއްރުވާހާ މަޑުން އަރްކާން އަހާލި އެވެ. އޭނާގެ އެޕާޓްމެންޓް ދޮރުކައިރީގައި އެ ދެމައިން ހަރަކާތްތެރިވާތީ އެވެ.

އަރްކާން އައިސް ދޮރުހުޅުވާލި އެވެ. ދަރިފުޅު ގޮވައިގެން ދުވަމުން ގޮސް އެޕާޓްމެންޓަށް ވަދެ ދޮރު ލެއްޕި އަޑު އޭނާއަށް އިވުނެވެ. ކަނދުރާމަތީގައި ތުވާލި އަޅުވާލައި، ކުރިމައްޗަށް ދެ ފަރާތުން އެލިފައި އޮތް ތުވާލީގެ ބައިގައި ދެ އަތުން ހިފަހައްޓައިގެން ހުރެ ބޯ އަރިކޮށް ބަލާލި އެވެ. އެ ދެމައިން ޖެހުނުތާ ލަކުނު ވެސް ނެތެވެ. އަރްކާންގެ ނަޒަރު ދޮރާ ދިމާ ތިރީ، ތަޅުމުގައި ކަރުދާސްގަނޑެއްގެ މަތީ ބައިންދާފައި އިން އާފަލަށް ހުއްޓުނެވެ. އޭނާ އެ ނެގި އެވެ. މެދު ސައިޒުގެ ނޯޓު ފޮތަކުން ކަނޑާލާފައި އޮތް އެ ކަރުދާހުގައި ލިޔެފައި އޮތް ލިޔުންކޮޅު ކިޔާލި އެވެ.

“ވަރަށް ބޮޑަށް ސޮރީ.

ރޭގައިވި އެހީއަށް ޝުކުރިއްޔާ.”

އައިލީން

“އޭނަ އަތުގައި އެކައްޗެއް ވެސް ނެތީތަ؟.” އަތުގައި އޮތް އާފަލަށް ބަލާލާފައި އަރްކާންގެ އަމިއްލަ ހިތާ ސުވާލުކޮށްލެވުނެވެ. އެ އާފަލަކީ ރޭގައި އޭނާ ގަނެގެން ގެނައިތަނުން އާފަލެއްކަން އަރްކާނަށް ޔަޤީނަށް އެނގެ އެވެ. އޭނާގެ ހިތަށް އުނދަގޫވެލި އެވެ. އެ އަސަރު ފާޅުވެލީ އޭނާގެ ނިތަށް ގިނަވެލި ރޫތަކުންނެވެ.

“ކީއްވެ؟.” ދެވަނަ ސުވާލެއް އުފެދިގެން އައެވެ.

ފުންނޭވާއެއް އަރްކާނަށް ދޫކޮށްލެވުނެވެ. ތެތް އިސްތަށިގަނޑާއެކު ބޮލުގައި އިނގިލިތައް ހިންގާލެވުނެވެ. ޖެހިގެން ހުރި އެޕާޓްމެންޓާ ދިމާއަށް ބަލާލާފައި އޭނާ އެތެރެއަށް ވަދެ ދޮރު ލައްޕާލި އެވެ. ހޫނު ކޮފީ ތައްޓެއް ހަދައިގެން އައިސް ސިޓިންރޫމުގައި ހުރި ދެ މީހުންގެ ޖާގަ ހުރި ކާމޭޒު ދޮށުގައި އިށީނެވެ. ވިސްނުމަކަށް ގެއްލިފައި އިންހެން އަރްކާން އިނެވެ. އޭނާގެ ނަޒަރު ހުއްޓިފައިވީ ލަކުޑި މޭޒުމަތީގައި ބޭންދި އާފަލަށެވެ.

ވައިބްރޭޓްވާން ފެށި ފޯނަށް އަރްކާންގެ ސަމާލުކަން ހުއްޓުނެވެ. ފޯނު އޮތީ ބަދިގެ ކައުންޓަރު މަތީ ޗާޖަށް ޖަހާފަ އެވެ. އޭނާ ގެއަށް އައިސް ފެންވަރަން ވަނުމުގެ ކުރީން ފުރަތަމަ ވެސް ކުރިކަމަކީ އެއީ އެވެ.

“ޖަވާބެއް ނުދެމެންނު.” މޭޒުދޮށުން ތެދުވެގެން އައިސް ފޯނުކޯލު އަރްކާނު ނެގުމާއެކު އަނެއްކޮޅުން ވަގުތުން ވާހަކަދައްކަން ފެށި އެވެ.

“ކޮންކަމަކަށް.” ޔަޤީންނުވާތީ އަރްކާނަށް އަހާލެވުނެވެ.

“މިރޭ… މިގެއަށް…” ކޮންމެ ލަފުޒަކަށް ރާގެއްލާފައި ދަމާލަމުން އެ މީހަކު ބުންޏެވެ.

“ކީއްކުރަން.” އަރްކާންގެ ރައްދުތައް ކުރެވެ.

“ސްލީޕްއޯވަރއަށް.” އާދަޔާ ޚިލާފު އުފާވެރިކަމެއް އެ އަޑުގައި މިފަހަރުވި އެވެ.

“ކުރާނެކަންތައް ހުސްވެ ގުޅާނެ މީހަކު ނެތުނީތަ؟.” އަރްކާންގެ އަޑުގައި އަދިވެސް ހުރީ ސީރިއަސް ކަމެވެ.

“ކިހިނެއް އެނގުނީ.” އެކޮޅުން ނުހަނު އަވަހާ ބުނެލައިފި އެވެ.

“އަސަލް… އައިމް ބިޒީ.” ބޯދަމައިގަންނަ އުސޫލުން އަރްކާން ބުންޏެވެ. އެއީ ވުން ނާދިރުކަމެއްކަން އެނގޭއިރު ވެސް އެވެ.

“ކޮންކަމެއްކުރާތީ؟. ސީރީޒް ބަލާތީތަ؟… ބައިދަވޭ. ތީނަގެ ނިދި ހަރާންކުރި ނިއު ނެއިބާސް ކިހިނެއް؟. ބަލާލަން ދަންތަ؟.” އަސަލް އަހާލީ ސަމާސާގެ ރާގުގަ އެވެ.

އަރްކާންގެ ނިތަށް އިހުވެރިވި އަސަރުތައް އަނބުރާ އަތުވެއްޖެ އެވެ. ޔަޤީނުން ވެސް އޭނާ ގަޔާނުވާ މަޢުޟޫއެކެވެ. މިވަގުތަކު ނޫނޭ ބުނެ އަސަލްއަށް ވާހަކަދައްކާނޭ ފުރުޞަތު ނުދީ އަރްކާން ފޯނުކޯލު ކަނޑާލީ އެވެ. އެއާއެކު އަސަލް އަނެއްކާ ވެސް ގުޅި އެވެ. އަރްކާނަށް އޭނާގެ ޒަމާންވީ އެކުވެރިޔާގެ ގޮތް އެނގެ އެވެ. އެހެންވެ ފޯނުކޯލު ނަގާފައި އިރުކޮޅަކުން އޭނާ އެބަދަން ކަމުގައި ބުނެލައިފި އެވެ.

އޭގެ ގަޑިއެއްހާއިރު ފަހެވެ. “ޓްރައިއަމްޕްސް ބޮނަވިލް ޓީ 120” ބްރޭންޑްގެ ކަޅުކުލައިގެ ސައިކަލުގައި އަރްކާނު ދުއްވަމުން ދިޔައީ ސޮލައިޓް ރެސްޓޯރެންޓާ ދިމާއަށެވެ. މަގުތަކުގައި ދާއިރު އެ ސައިކަލުގެ އަޑުން އެކަނި ވެސް މީހުންގެ ސަމާލުކަން ހުއްޓޭނެ އެވެ. އޭނާ އެ އެއްޗެއްދެކެ ލޯބިވާނަމަ އެއީ އޭނާގެ ސައިކަލެވެ. ތަފާތު މޮޅު ބްރޭންޑްތަކުގެ ސައިކަލަށް އޭނާ ޝައުގު ހުރެ އެވެ. ކުރީން އޭނާ ހޯދި “ޑުކާޓީ” އެއް އަހަރު ނުވަނީސް ވިއްކާލައިފި އެވެ. މިހާރުގެ ސައިކަލު ގަތީ އޭގެ ފަހުގަ އެވެ. އެކަމަށް ކުރާ ޚަރަދަކީ އޭނާއަށް ބޮޑު ޚަރަދަކަށް ވެސް ނުވެ އެވެ. ސައިކަލުގައި ކޫރުމެއް އެޅެން ވެސް ނޭދޭ އަރްކާނަށް ހިތްހަމަޖެހޭ ޖާގައެއް ޕާކުކުރަން ލިބުނީ މާ ދުރުންނެވެ. ހިނގަންޖެހޭތަން ދިގެވެ. އެހެންވިޔަސް ޝަކުވާއެއް އޭނާގެ ނެތެވެ.

ހުޅުވުނު ލިފްޓުން ނުކުމެ އަރްކާން ހިނގައިގަތީ ރެސްޓޯރެންޓުގެ ހާމަފެންޑާއަށް ނުކުންނާށެވެ. އިރާކޮޅުގެ ވަގުތަށްވާތީ ރެސްޓޯރެންޓުތެރެ ފެންނަނީ ހުސްކޮށެވެ. ހާމަފެންޑާގައި ހުރި މޭޒުތަކުން ބިއްދޮށަށް ހުރި މޭޒެއްގެ ދޮށުގައި އިން އަސަލް ފެނިއްޖެ އެވެ. އޭރު އަސަލްގެ ކުރިމަތީގައި އެހެން މީހަކު ވެސް އިނެވެ. ފުރަގަހުން ފެނުނު ނަމަވެސް އެއީ ކާކުކަން އަރްކާންގެ ހުސިޔާރު ސިކުނޑި ދެނެގެންފި އެވެ.

“އާދެވިއްޖެ ދޯ.” އަސަލް ބުންޏެވެ.

“ބޮސް.” އަރްކާން ބެލީ އެ މޭޒުދޮށުގައި ދެން އިން ޒުވާނާއާ ކުރިމަތިލާށެވެ. އަދަބު އިޚްތިރާމް އޭނާގެ އަޑުގައިވި އެވެ.

“ބޮސްނޫން ނަމަކުން ކިޔަން ދަސްކުރަންވެއްޖެއެއްނު. މިހެންވެސް ބުނެވުނު ވަރެއް ނޭނގޭ.” ދެފަރާތަށް ބޯހޫރާލާފައި އެ ޒުވާނާ މިހެންބުނެ އަރްކާނަށް އިށީންނަން އިޝާރާތްކޮށްލި އެވެ. އޭނާގެ ފުށުން ވެސް ފެންނަނީ ސަމާސާ މިޒާޖެކެވެ.

“މީނަގެ މި އަބުއި ގޮތް އެބަޖެހޭ ކަނޑުވާލަން.” އަސަލް އިނދެފައި ބުނީ ކުރިމަތީ އިން ޒުވާނާ އަށެވެ. އޭނާ ޖަހާލީ ހިނިގަނޑެކެވެ.

“އެއްޗެއް ގެންނަންވީނު.” އަރްކާނު އިށީނުމުން ބޮސް ބުންޏެވެ. ދެން އޭނާ ވެއިޓަރަކަށް އިޝާރާތްކޮށްލައިފި އެވެ.

އެ ރެސްޓޯރެންޓަކީ މަޝްވަރާތަކުގައި އެމީހުން އެންމެ ގިނައިން ތިބޭތަނެވެ. އަރްކާނަކީ ބަސްމަދު މަޑުމައިތިރި ޒުވާނެކެވެ. އަނެއްކޮޅުން އޭނާގެ ކުރިމަތީގައި އިން ޒުވާނާއަކީ އޭނާ މަސައްކަތް ކުރާ ކުންފުނީގެ އިސްވެރިޔާ އެވެ. އަސަލްއަކީ ވެރިޔާގެ އެންމެ އިތުބާރު ހިފޭ ވަފާތެރި ކަނާތެވެ. އަރްކާން މީހުންގެ ތެރޭ ސަމާސާކުރާތަނެއް އެމީހުން ވެސް ނުދެކެ އެވެ. ޖެއްސުމުގެ ބަހެއް ބުނެލިޔަސް ބުނެލާތީ އިވެނީ އަސަލްއާ ދިމާއަށެވެ. އެވެސް އެ ދެމެދުގައި އޮންނަ އެކުވެރިކަމެއްގެ ސަބަބުންނެވެ. ގިނަފަހަރު އަރްކާންގެ ސިކުނޑީގައި ހިނގާ ޚިޔާލުތަކުގެ ޚަބަރެއް އެކަކަށް ވެސް ލަފާކޮށް ބުނާކަށް ނޭނގެ އެވެ. ގައިމުވެސް އެއީ ދަސްކުރަން ފަސޭހަ މީހެއް ނޫނެވެ. ބައެއްފަހަރު އަރްކާނަކީ ވަކި ގޮތަކަށް ބައްޓަން ކުރެވިފައި ހުރި “ރޮބެޓެކޭ” އެއްފަދަ ކުރެ އެވެ. އޭނާގެ ސީރިއަސްކަން ވެރިކޮށްލައިގެން ހުންނަ މޫނުމަތިން ޖަޒުބާތެއްގެ އަސަރުފާޅުވާތީ ފެނިއްޖެނަމަ އެއީ އަޖައިބަކަށްނޫނީ ނުވާނޭ އަސަލް ބުނެ އުޅެ އެވެ. ސަމާސާގެ ރާގުވިޔަސް އެ ވާހަކަތަކުގެ ހަޤީޤަތް އަރްކާނާއެކު އުޅެލައިފި މީހަކަށް ފެންނާނެ އެވެ.

“ފައިލް ބެލީތަ؟” އަސަލް އަހާލި އެވެ.

“ނޫން.” އަރްކާން ބޯހޫރާލި އެވެ. އެއީ ކުރިން ރޭ އަސަލްއާއެކު ހަމަ އެތަނުގެ ކޮފީމޭޒެއްގެ ދޮށުގައި އިނދެފައި އަރްކާނާ ހަވާލުކުރި ފައިލެވެ. ގެއަށް ގެންދިޔަ ގޮތަށް އޭނާ އަދި އެ ފައިލު ބަލައެއް ނުލަ އެވެ.

“ގޭތެރެ…”

އަސަލް ފަށަން އުޅުނު މައުޟޫޢު އަރްކާނަށް އެނގި އޭނާ ނިކަން އަވަހަށް ވާހަކަ ބަދަލުކޮށްލި އެވެ. ވެރިމީހާއާ އޮފީހުގެ ކަމެއްގެ މަޝްވަރާ އޭނާ ފެށީ އަސަލްގެ ސުވާލުތައް ހުއްޓުވާށެވެ. ގޭތެރޭގެ ވާހަކައާއި އަލަށް އައިސްގެން އުޅޭ ދެމައިންގެ ވާހަކަ ދައްކާކަށް އަރްކާން ތައްޔާރެއް ނޫނެވެ.

* * * * *

ރޭގަނޑުގެ ވަގުތުތައް ނިމި ދިޔައީ އެވެ. ކައިރީގައި އަމާރާ ނިދިފައި އޮތެވެ. ހެޑްބޯޑުގައި ލެނގިލައިގެން އައިލީން އިނެވެ. އަމާރާގެ ރުއިމާއި އެކުއްޖާގެ ހަޅޭކަށް އަރްކާންގެ ފުށުން އިޝާރާތެއް ނުވާކަން ފާހަގަވި އެވެ. ހަމައެއާއެކު އައިލީންގެ ދެ ލޯ ވަނީ ކަރުނުން ފުރިފަ އެވެ. ޒަހްރާނުގެ ޚިޔާލުތަކުން މިންޖުވުމެއް ނެތް ފަދަ އެވެ.

“ރެން އަހަރެންގެ ހިތް އަތުލީ މިހާލަށް އަހަރެން ގެންދަންތަ؟. ކޮންކަމެއް އަހަރެންނަށް ގޯސްކޮށް ކުރެވުނީ؟. ރެން އަހަރެންދެކެ ފޫހިވާކަން ނުބުންޏަސް އެނގޭ. އެކަމަކު މިހިސާބަށް ދިޔައީ ކިހިނެއް؟. އަމާރާ… އަހަރެމެންގެ ދަރިފުޅު… އެ… އެ ދަރިފުޅަށް ޓަކައި އަހަރެން ހިތްވަރުކުރީ. ރެންއަށް އެނގޭތަ… ކިތައް ފަހަރު އަހަރެން މަރުވާން ބޭނުންވިކަން.” ދެއަތް އުރާލައިގެން އިންއިރު ކަނާއަތްތިލައިން ހިތާވީ ފަޅީގައި މޭގައި އައިލީން ފިރުމަމުން ދިޔަ އެވެ. އޭނާގެ ހިތުގައި ރިއްސަނީ އެވެ. ވޭނީ ދިލައެއްގެ އަސަރު ނުފިލާވާ ފަދަ އެވެ. އަރާމު ނިންޖަކީ ކޮބާކަމެއް، ނަފްސުގެ މިނިވަންކަމަކީ ކޮބާކަމެއް އައިލީން ވަނީ ހަނދާންނެތިފަ އެވެ. ކުށެއްކުރެވިދާނޭތީ އޭނާ އިންނަނީ ސިހިސިހި އެވެ.

ޚިޔާލުތަކުން އެއްފަރާތްވާނޭ ފުރުޞަތު ލިބުމުން އައިލީން ތެދުވި އެވެ. އަލަމާރީގެ ދޮރުފަތުގައިވާ ލޯގަނޑު ކުރިމައްޗަށް ހުއްޓުނެވެ. ޓީޝާޓުކޮޅު ހިއްލާލައި އޭނާ ލޯގަނޑުން ބަލާލީ ބަނޑާ ދިމާލުން އަރިކައްޓެވެ. އެތަނުގައި ނޫފައިންގެންފައި ތަންގަނޑެއް ހުއްޓެވެ. އެއީ ޒަހްރާނު ކޮޅުންފައިން ޖަހާފައި ހުރި ނިޝާނެކެވެ. މަޑުމަޑުން އެ ދިމާލުގައި އޭނާ އިނގިލިތައް ހިންގާލި އެވެ. ކުރިއަށްވުރެ ލޭކުލަ ފަނޑުވަމުން އަންނަކަން ފާހަގަވި އެވެ. ހަށިގަނޑުގެ އެފަދަ ތަދުތަކާއެކު އުޅުމަކީ މިއަދު އައިލީނަށް ބޮޑުކަމެއްނޫނެވެ. އެ ހަށިގަނޑުގައި އެގޮތަށް ޒަހްރާނު ދިން އަނިޔާގެ ލަކުނުތައް މަދެއްނޫނެވެ. އެހެންވިޔަސް މީ އެފަދަ އަނިޔާއެއް ލިބޭނޭ ފަހު ފަހަރު ކަމަށް އައިލީން ޤަބޫލުކުރަން ބޭނުންވެ އެވެ. އޭނާ އަމިއްލައަށް އެ އަނިޔާގެ ތެރެއަށް ދެން އެނބުރި ނުދާނެތީ އެވެ.

“މި ނިންމުމަކީ ހަމަ އެންމެ ރަނގަޅު ނިންމުން… މީ އެންމެ ރަނގަޅު ނިންމުން.” އަމިއްލަ ނަފްސަށް ލޯގަނޑުން ބަލަން ހުރެ އައިލީން ދެފަހަރަށް ތަކުރާރިކޮށްލި އެވެ.

ހެނދުނުގެ ވަގުތެވެ. ގޯތިތެރެއަށް އޮތީ ހިސާބަކަށް އަވިއަރާފަ އެވެ. މައި ދޮރޯއްޓާއި އެޕާޓްމެންޓް ތަކަށް ވަދެވެން އޮންނަ މަގުކޮޅު އޮތީ އެއްކޮށް ހިޔާނުކޮށެވެ. އަމާރާ ގޮވައިގެން އައިލީން އެޕާޓްމެންޓުން ނުކުމެ ހުރީ އެކުއްޖާ އަވީގައި ޖައްސާލަން ގަސްދުކޮށެވެ. ދޮރޯށިން ބޭރަށް ނުކުންނަން ނުކެރިގެންނެވެ. މުޅިން އާ މާހައުލެއްވީމަ އަމާރާ ވެސް ދިމަދިމާއަށް ބެލުމުގައި ޝައުގާއެކު އުޅެ އެވެ. އެ ގެއަށް އައިފަހުން އެފަދަ ގޮތަކަށް އައިލީން ބޭރަށް ނުކުމެލި މީ ފުރަތަމަ ފަހަރެވެ.

“މަ މަ މަ… މަންމަ…” އައިލީން ކިޔައިދެމުން ދިޔައީ އަމާރާ އަށެވެ. އޭނާގެ ދަރިފުޅު އަޑުއަޑު ލައްވަ އެވެ. އެކަމަކު މަންމަ ނޫނީ ބައްޕަ ކިޔަން މަސައްކަތެއް ނުކުރެ އެވެ. އައިލީން އެކަމާ ކަންބޮޑުވެ އެވެ. ދަރިފުޅުގެ އެފަދަ ކަންކަމަކީ ޒަހްރާނު އަޅާލާ ކަންކަމެއް ނޫނެވެ.

ކުއްލިއަކަށް ދޮރޯށި ހުޅުވުނެވެ. އައިލީން ދިޔައީ ސިއްސައިގެންނެވެ. ފަތިހު ގެއިން ނުކުންނަ އަރްކާން އެނބުރި އަންނަނީ ހަވީރު އިރުއޮއްސުމާ ކައިރިވެފައި ހުއްޓަ އެވެ. ފާއިތުވި ދުވަސްތަކުގައި އައިލީނަށް އޮތީ އެކަން ފާހަގަވެފަ އެވެ. ބޯ ގުދުކޮށްލާފައި ދޮރޯށިން ވަންތަން ފެނުނީ އަރްކާނެވެ. އައިލީން ސިހުނުވަރުން ފަސްފަހަތަށް މީހާ ދިޔައީ ހަމަގެއްލުނު ފަދަ އިނެވެ. އޭނާގެ އަތުން ދަރިފުޅު ދޫވާން އުޅުނެވެ. އަރްކާން ހީވީ އެންމެ ފިޔަވަޅަކުން އެ ދެމެދުގައި އޮތް ދުރުމިން ކައިރިކޮށްލި ހެންނެވެ. ކުއްލިއަކަށް ފެނުނީ އަމާރާގެ ގައިގާ އޭނާ ހިފެހެއްޓިތަނެވެ.

“ސޮރީ… ސޮރީ…” އިންތިހާ ހާސްކަން ވެރިވެފައި ހުރި އައިލީން ވަގުތުން ކިޔަންފެށި އެވެ. އަދި އަރްކާނުގެ އަތާ ދަރިފުޅު ދުރުކޮށްލާ އޭނާގެ މޭގައި އެކުއްޖާ ފޮރުވާލައި ދެ އަތުން ބާރަށް ހިފަހައްޓާލި އެވެ. ލިބިދާނޭ ގެއްލުމަކުން ހިމާޔަތްދޭން އުޅޭ މައެއް ފަދައިންނެވެ.

“އައިލީން…” އައިލީންއާ ދުރަށް ދެތިން ފިޔަވަޅު ފަހަތަށް އަޅާލައި ހުއްޓިފައި އަރްކާން ގޮވާލި އެވެ. އެ އަޑުގައިވަނީ އަޖައިބެއްފަދަ ހިމޭންކަމެއް އެކުލެވިފައިވި މަޑުމައިތިރިކަމެކެވެ. ބަލަން ނުކެރިފައި ހުރެ ވެސް އައިލީންގެ ނަޒަރު ލަސްކަމާއެކު އަރްކާނާ ބައްދަލުވެލީ ދެނެވެ. ދެ އަތާއި މީހާގެ ގައިގާ މަޑު ތުރުތުރެއް ހުރިކަން ޚުދު އައިލީނަށް ވެސް އެނގެ އެވެ. ނަމަވެސް އަރްކާންގެ ބެލުމުގައި ތަފާތުކަމެއް ވާތީ އައިލީން ދުށްޓެވެ. އައިލީނަށް ހިންދިރުވާލެވުނީ ބާރަށެވެ.

ވަރުގަދަ ބުމައިގެ ދަށުގައިވާ އަރްކާންގެ “ހޭޒަކް ގްރީން” ކަޅީގެ ސަބަބުން އެ ކަޅިރަވައިގައި ޖެހިލުންވާފަދަ ތޫނުކަމެއް އެކުލެވިފައިވި އެވެ. ބަލާލަން ހިތްގައިމަސް ނުރައްކާތެރި އަނދިރިކަމެއް ފޮރުވިފައިވާ ކަހަލަ އެވެ. ނިތްމަތިން ދެ ފަރާތަށް ވާހެން ހޭވިގެން ފައިބާފައި ހުރި އަރްކާންގެ ފަން އިސްތަށިތަކުން ނިތްކުރީގެ ބޮޑުބައެއް ފޮރުވިފައިވި އެވެ. ދިހުންކުލަ އަރާ ކަޅުކަން ގަދަ ވަރުގަދަ އިސްތަށިގަނޑު ހުރީ ތެމިފޯވެފަ އެވެ. ދިގުމޫނަކާއި ހިމަ ނޭފަތެކެވެ. ދަތްދޮޅިއާ ދިމާލަށް ހިމަވެލާފަ އެވެ. ތުނބުޅިމަތިމަހަކާނުލާ ވެސް ފިރިހެންވަންތަކަން އޭގެ އިންތިހާ އެވެ. ކަޅުކުލައިގެ ޖާޒީ ޓީޝާޓަކާއި ސޯޓުގެ އިތުރުން، ކަލު ލެގިންނެއްގައި އޭނާ ހުރިއިރު ދިގު އިސްކޮޅާއި ދެ ކޮނޑުގެ ފުޅާކަން، އިތުރަށް މީހާ ބޮޑުކަމަށް ދައްކުވައިދެ އެވެ. އެއްކޮނޑުގައި އަޅުވާފައި އޮތީ ޖިމަށް ގެންދާފަދަ ދަބަހެކެވެ. އަރްކާނުގެ ދެ ކަންފަތުގެ ފޫޅުގަނޑުގައި ކަޅުކުލައިގެ “ސްޓަޑެއް” ފެންނަން ހުއްޓެވެ.

“އަނިޔާއެއްވިތަ؟.” އަރްކާން އަހާލި އެވެ. ހަމައެހިނދުން އައިލީން ބޯހޫރާލީ ނިކަން އަވަހާއެވެ.

“ޔޫ ޝުޑް ގެޓް ސަމް ސްލީޕް.” ފަރުވާތެރި ބެލުމަކުން ބަލަން ހުރެފައި އަރްކާން ބުންޏެވެ.

ހައިރާންކަން އައިލީނަށް ލިބުނެވެ. އެ އަޑުގައި އަމުރުވެރިކަމެއް، ގަދަވެގަތުމެއް ނެތެވެ. އައިލީންގެ ހާލާމެދު ފާޑުކިޔުމެއް، ނިޔާއިއްވުމެއްނެތެވެ. ހަމްދަރުދީގެ ބަދަލުގައި އެ އަޑުގައިވީ ކަންބޮޑުވުމެވެ. އައިލީނަށް ދޭހަކުރަން އުނދަގޫވީ އެހެންވެ އެވެ.

“ސޮރީ.” އައިލީނަށް އަނެއްކާ ވެސް ބުނެވުނެވެ.

“ކޮންކަމަކާ؟.” އަރްކާން އަހާލި އެވެ.

( ނުނިމޭ )

Leave a Comment

Your email address will not be published. Required fields are marked *