“ޕްލޭން ޗޭންޖްޑް.” އަރްކާން ވަގުތުން ބުންޏެވެ. އަސަލްއަށް ކުއްލި ހައިރާންކަމެއް ލިބި ހުއްޓުން އެރި އެވެ.
“ވަޓް ޑޫ ޔޫ މީން.” އަސަލް އަހާލި އެވެ. އޭނާއަށް އަރްކާން ބުނި އެއްޗެއް ފަހުމްނުވީ އެވެ.
——————————-
( 16 ނޮވެމްބަރ 2026 އާ ގުޅޭ )
“އަހަރެންނަށް އެކަމެއް ނުވާނެ.”
ދެން ވެސް އަރްކާން ބުނި އެއްޗެއް އަސަލްއަށް ނަގައެއް ނުގަނެވުނެވެ. ތަފްސީލުކޮށްދޭން އަސަލް އަނެއްކާ ވެސް އެދިއްޖެ އެވެ. އޭނާއަށް އެނގޭނެހާ ތިލަކޮށް ކިޔާދޭން ބުންޏެވެ.
“އައިލީން އެމީހުންނާ ހަވާލެއް ނުކުރާނަމޭ.” އަރްކާން ބުންޏެވެ.
“އެކަމަކު އޭރުން…” އަސަލް ވާހަކައެއް ބުނަން އުޅުނެވެ. ނަމަވެސް އޭނާގެ ވާހަކަ މެދުކަނޑާލީ އަރްކާނެވެ.
“ކޮންމެވެސް ގޮތެއް އޮންނާނެ.” އަރްކާން ބުނެލީ އޭނާއަށް އިތުބާރު ކުރާށޭ ބުނާ ފަދައިންނެވެ.
އެކުވެރިޔާގެ އެ އިޝާރާތް އަސަލް ނަގައިގަތެވެ. އޭނާ އިތުރު ސުވާލެއް ނުކުރީ އެހެންވެ އެވެ. އެކަމަކު އޭނާއަށް ނުތަނަވަސްކަމެއް ލިބިފައިވާކަން އެ މޫނުން ފާޅުވާން ހުއްޓެވެ. އަރްކާން ކަސްރަތުކުރަން ފެށުމުގެ ކުރީން ސްޓްރެޗިންގ ހަދަން ފެށި އެވެ. އަސަލް ގޮސް ދުވާ މެޝިނަށް އެރި އެވެ.
ކަސްރަތުކޮށް ނިންމާފައި އަސަލް މަޑުކުރީ އަރްކާން ނިމެންދެނެވެ. އޭނާ ކަސްރަތަށް ފަރުވާކުޑަ ނުކުރާނެކަން އަސަލްއަށް އެނގެ އެވެ. އޭނާ ހަފްތާ ދެބަޔަށް ބަހާލައި ކުރާ ކަސްރަތުތައް ބަދަލުކުރެ އެވެ. އަދި އެއް ދުވަސް އަރާމުކުރުމަށް ހުސްކުރެ އެވެ. ހަށިގަނޑަށް އުޅެނީ އެހާ ބަލައިގެންނެވެ.
“ކޮބާ ނިންމާކަށް ނުވޭތަ؟.” އަތުކުރީ އޮތް ގަޑިއަށް ބަލާލާފައި އަސަލް ބުންޏެވެ.
“ޑިއުޓީ ނޫން ތަނަކަށް ދާން އޮތީތަ؟.” އަރްކާން އަހާލި އެވެ.
“ކޮފީއެއް ބޯލައިގެން ނޫންތަ ބްރީފިންއަށް ޖޮއިން ކުރާނީ. މިއަދު ވީ.އައި.ޕީ ވެސް އެބައޮތް. އަވަހަކާ ސަލާމަތެއްނުވާނެ.” އަސަލް ބުންޏެވެ.
ނިންމާލުމުގެ ސްޓްރެޗިން ހަދާފައި އަރްކާން ހިންދެމިލި އެވެ. އޭނާގެ ދަބަސް ބެންޗު ކައިރިން ނަގައިގެން ހިނގައިގަތެވެ. ޖިމަށް ވަންނަ ދޮރު ކައިރީ ހުރި ކޫލަރާ އަރާ ހަމަކޮށްފައި އޭނާ މަޑުކޮށްލި އެވެ. ކަރުދާސްތަށި އަޅާފައިވާ ބައިގެ މަތިގަނޑު ހިއްލާލާފައި ތަށްޓެއް ނެގި އެވެ. ދެ ތަށި ފެން ބޯލުމަށްފަހު އަތުގެ ތެރޭ ތަށި ބޮނޑިކޮށްލާފައި ޖެހިގެން ހިރި ކުނިވަށިގަނޑަށް ވައްޓާލި އެވެ. އެ ތަނުން ދެ ޒުވާނުން އައިސް މަޑުކޮށްލީ ސްޓާފުންގެ ލޮކަރުތައް ކައިރިއަށެވެ. ތުވާއްޔަކާއި ފެންވަރަން ބޭނުންވާނޭ އެއްޗެހި ހިފައިގެން އެމީހުން ގޮސް ވަނީ ސްޓާފުންނަށް ފެންވެރޭ ގޮތަށް ހުރި ފާޚާނާ އަށެވެ.
ޑިއުޓީއަށް ތައްޔާރުވެގެން އަސަލްއާއި އަރްކާން ސްޓާފުންގެ ބައިން ނުކުތެވެ. ދެ މީހުން ވެސް ތިބީ ކަޅުކުލައިގެ ކޯޓުފަޓުލޫނުގަ އެވެ. އަރްކާންގެ ކޮނޑުގައި ޖަހާލާފައި އަސަލް އިޝާރާތްކުރީ އެ އިމާރާތުގައި ކޮފީ ބޯން ޚާއްޞަކުރެވިފައި ހުރި ކުޑަ ކެފޭ އަށެވެ.
“ކޮންޚިޔާލެއްގައި؟. މިއަދު ކަލޭ ހަމައެއްނޫން.” އަސަލް ބުނެލީ ކޮފީ ހިފައިގެން އައިސް މޭޒުދޮށުގައި އިށީންނަމުންނެވެ.
“ވީ ހޭވް އޮންލީ ޓެންމިނެޓްސް.” އަރްކާން ބުންޏެވެ.
“ހަމަހުވާ މިބުނީ. ބައެއްފަހަރު އަހަރެން ހިތައް އަރާ ކަލޭ ބޮލުގައި ބަޑިއެއް ޖައްސަފާނަމޭ.” އަސަލްގެ ބޮލަށް އުނދަގޫވެފައި އިން ކަހަލަ އެވެ. އަރްކާންގެ ފުށުން ކަމެއް ހޯދަން އުނދަގޫކަމުންނެވެ.
އެކުވެރިޔާގެ ވާހަކައިން އަރްކާންގެ ތުންފަތް ދެމިލި އެވެ. އޭނާ އަޅައިނުލި އެވެ. އަސަލްއަށް ތަފްޞީލުތަކެއް ދޭކަށް މަސައްކަތެއް ނުކުރި އެވެ. ހިތުގައިވާ ޝުޢޫރުތައް އަދި ހާމަކުރާން އަރްކާން ބޭނުންނޫނީ އެވެ. އެކަމަކު އޭނާގެ ޟަމީރަށް އެނގެ އެވެ. ކޮން ޚިޔާލަކަށް ގެއްލިފައިތޯ އަސަލް އެހި އިރުވެސް އަރްކާން ހުރީ އައިލީންގެ ޚިޔާލުގައި ކަމެވެ. އޭނާގެ ލޯ ކުރިމަތިން އައިލީންގެ ސޫރަ ފެންނަ ފަދަ އެވެ. ރޭ އޭނާގެ ޓީޝާޓުގެ ފަސްބައިގެ ބައެއް އަތުގެ ތެރެއަށް ބޮނޑިކޮށްލައިގެން އުނދަގޫ ގޮތަށް ސޯފާގައި އައިލީން ނިދިޖެހިފައި އިން ގޮތް އަރްކާނަށް ފެންނަ ކަހަލަ އެވެ. ކުޑަކުޑަ އަމާރާގެ ސޮނިން އަރްކާންގެ ޓީޝާޓުގެ މޭމަތިން ތަންގަނޑެއް ފޯވެ އެ ތެތްކަމުގައިވި ފިނި އިޙުސާސް ނުފިލާ އަރްކާންގެ މޭގައި ހުރި ފަދަ އެވެ. ލުއި ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވާން އުޅުނީ އެއްވެސް އިޚުތިޔާރަކާ ނުލަ އެވެ. ނަމަވެސް ތުންފަތް ދެމިލުމުގެ ކުރީން އޭނާ އެ ހިނިތުންވުން ފޮރުވައިފި އެވެ. އަސަލްގެ ޝައުގުވެރިކަމަކީ ނުރައްކާތެރި އެއްޗެއްކަން އެނގޭތީ އެވެ.
* * * * *
އައިލީންގެ އަތް ހަރަކާތްކޮށްލެވުނެވެ. އެހިނދު އޭނާގެ ދެ ލޯ ހުޅުވުމުގެ ކުރީން ސިކުނޑި ސަމާލުކަމަށް އަތުވެއްޖެ އެވެ. އޭނާއަށް އިނދެވުނީ ސޯފާއަކު ނޫންކަން ރެއަކާލީ އެވެ. ތަންމިނަށް ދެ ލޯ ހުޅުވާލެވުމާއެކު ހޯދާލެވުނެވެ. އޭނާ އޮތީ ކޮޓަރީގަ އެވެ. އޭނާގެ އެނދުގަ އެވެ. ގާތުގައި އަމާރާއަށް އޮތީ އަދިވެސް ނިދިފަ އެވެ. އެކުއްޖާގެ ވައަތަށް ފުރޮޅިލައިފިއްޔާ އެނދުން ވެއްޓިދާނޭކަމަށް ބާލީހެއް ޖައްސާފައި ވެއެވެ. މަޑުމަޑުން އައިލީން ތެދުވެލި އެވެ. ހެޑްބޯޑުގައި ބުރަކަށި ޖައްސާލި އެވެ.
“އަރްކާންތަ އަހަރެން ކޮޓަރިއަށް ގެނައީ.” އައިލީން އަމިއްލަ ނަފްސާ ހިތާހިތުން ސުވާލުކޮށްލި އެވެ. މުޅި އެޕާޓްމެންޓަށް ވެރިވެފައި އޮތް ހިމޭންކަން އައިލީނަށް ބުނެދިނީ އެކަކުވެސް މިވަގުތު ނޫޅޭކަމެވެ. ތެދުވެގެން ގޮސް ބަލާލަން އައިލީން ހިތަށް އެރި އެވެ. ނަމަވެސް އަމާރާ ހޭލަފާނެތީ ތެދުވަން ނުކެރުނީ އެވެ.
އައިލީން ނިދާފައި އޮތް ތުއްތު ދަރިފުޅަށް ބަލަން އަރިއަކަށް އެނބުރި އޮތެވެ. އޭނާ ވިހައިގެން އެންމެ ގިނައިރު ހަމަޖެހިލައިގެން އޮވެ ނިދާލެވުނު މީ ފުރަތަމަ ރެ އެވެ. އޭނާއެކޭ އެއްފަދައިން އަމާރާ ވެސް ފެންނަނީ ނިދީގެ ހިމޭންކަމުގައިވާތީ އެވެ. އެހެންނޫނީ އިރުއިރުކޮޅާ އެކުއްޖާ ހޭލާނެ އެވެ. ރޯނެ އެވެ. އޭނާ އެ ދަރިފުޅު ގޮވައިގެން އެތައް އިރަކު އުޅޭފަހުން ނޫނީ ނިދީގެ ހިމޭންކަމުގެ ތެރޭ ހަމަޖެހިލާތީ ނުފެންނާނެ އެވެ.
“އަހަރެންދެކެ އައިލީން ބިރުގަނޭތަ؟.”
އައިލީންގެ ހަނދާނަށް އައީ ރޭގައި އަރްކާން ކުރި ސުވާލެވެ. އޭނާއަށް އެ ސުވާލާ މެދު ފުންކޮށް ވިސްނާލެވުނެވެ. އޭނާއަށް އަރްކާންގެ ސޫރަ ފުރަތަމަ ފެނުނު ހިނދު އިންތިހާއަށް ޖެހިލުންވި އެވެ. އެކަމަކު އަރްކާން ފުރަތަމަ ވާހަކަދެއްކި ވަގުތުން ފެށިގެން އައިލީނަށް ފާހަގަކުރެވުނީ އަރްކާން ގެންގުޅޭ މަޑުމައިތިރިކަމެވެ. އައިލީންއާ މުއާމާލާތް ކުރުމުގައި އަރްކާން ފަރުވާތެރިވާކަން އެނގެ އެވެ. އައިލީންގެ ހިތުގައި ބިރުވެރިކަމަށް ފުރުޞަތު ނެތީ އެހެންވެ އެވެ. އަރްކާންގެ ކިބައިން އައިލީނަށް ރައްކާތެރިކަމެއްގެ އިޙުސާސް ކުރެވެ އެވެ. އެހެންނަމަވެސް ފާޅުގައި އެކަމަށް އެއްބަސްވާން އޭނާގެ ނަފްސު ތައްޔާރެއް ނޫނެވެ. ދެން އޭނާއަށް ވިސްނާލެވުނީ ރޭގައި އަރްކާން އޭގެ ދެމައިން ކޮޓަރިއަށް ގެނައި ގޮތެކެވެ. އައިލީނަށް ހޭނުލެވުނީ ކީއްވެބާއޭ ހިތަށް އެރި އެވެ. އޭނާ އޮތީ އަރްކާންގެ އަތުތެރޭ ހެއްޔެވެ. ކުރެވެމުންދިޔަ ޚިޔާލުތަކުން އައިލީން ލަދުގަންނަ ގޮތް ވެއްޖެ އެވެ.
* * * * *
އާންމުކޮށް ޑިއުޓީ ނިންމާފައި އަރްކާން ހަވީރު އަންނަ ގަޑިއަށް ގެއަށް އައިސް ވަނެވެ. އެކަމަކު އޭނާ ފެންނަނީ އަވަސްއަރައިގަނެގެން އުޅޭ ހެންނެވެ. އެޕާޓްމެންޓަށް ވަދެފައި ގިނައިރެއްނުވެ އޭނާ ނުކުތެވެ. ފެންވަރައިގެން ހުރުމުން އަރްކާން ފެންނަނީ ތާޒާކޮށެވެ. އޭނާ ހަލުވި ފިޔަވަޅުގައި އައިލީންގެ އެޕާޓްމެންޓް ދޮރު ކައިރީ މަޑުކޮށްލުމާއެކު ދޮރުގައި ޓަކި ޖަހާލި އެވެ.
“އައިލީން.” އަރްކާން ގޮވާލީ އައިލީން ދޮރު ނުހުޅުވަ ފާނޭ ހީކޮށެވެ.
“ހާއި.” ހުޅުވުނު ދޮރުން އައިލީންގެ މޫނު ފެނުމާއެކު އަރްކާން ބުނެލި އެވެ.
“ހާއި.” އައިލީންގެ ރައްދު އައެވެ.
“ވަންނަންތަ؟. އެއްޗެއް ހިފައިގެން މި އައީ.” އަރްކާންގެ އަތުގައި ހުރި އެއްޗެހި ދައްކާލި އެވެ. އައިލީން ކުޑަކޮށް ފަހަތަށް ޖެހިލި އެވެ. އަރްކާނަށް އެ އިޝާރާތް ފުދުނެވެ. އޭނާ އެޕާޓްމެންޓަށް ވަދެގެން އައިސް ސޯފާއާ ހިސާބުގައި މަޑުކޮށްލި އެވެ. އަތުގައި އޮތް ފޮށިގަނޑާއި ކޮތަޅު އެ ދިމާ ތަޅުންމަތީ ބެހެއްޓި އެވެ.
“ތީ ކޮންހާ ސާމާނެއް.” އައިލީން ހައިރާންކަމާއެކު އަހާލި އެވެ.
“ޕީޗަށް ގެނައި ހަދިޔާއެއް.” އަރްކާން ބުންޏެވެ.
އަރްކާން ޓައިލްސް މަތީ ކުޑަކަކޫ ޖަހާލި އެވެ. އޭނާ ގެނައި ފޮށިގަނޑު ހުޅުވަންފެށި އެވެ. އޭނާ އޭގައި އޮތް ކަރުދާސްނަގާ އިރުކޮޅަކު ބަލަން ހުއްޓެވެ. އެއަށްފަހު ފޮށީގައި އޮތް އެއްޗެއް ނަގައި ރާވަންފެށި އެވެ. އޭރު އަމާރާ އުރާލައިގެން އަރްކާން ކުރާކަމެއް ބަލަން އައިލީން ހުއްޓެވެ.
ގިނައިރެއްނުވެ އަރްކާން ރާވާ ނިންމާލައިފި އެވެ. އަދި އައިލީނަށް ދައްކާލަމުން އޭނާއަށް އަރްކާން ބަލާލި އެވެ.
“މިހާރު ދެން އަބަދު ޕީޗް އުރައިގެން އައިލީން އުޅޭކަށް ނުޖެހޭނެ އެއްނު. މީގެން މިއުޒިކްގެ އަޑު ވެސް އިވޭނެ.” އަރްކާން ބުންޏެވެ.
“ކީއްވެ؟.” އައިލީނަށް ކަމުނުދިޔައީ އެވެ. އަރްކާން ގެނެސްދިނީ ކުޑަކުދީން ބާއްވައިގެން ހެއްލާ ފަދަ ގޮނޑިކެވެ. އޭގެ ބޭނުން އައިލީނަށް ނެތީއެއް ނޫނެވެ. އައިލީނަށް ގަޔާނުވެވުނީ އެވަރުގެ ޚަރަދެއް އެ ދެމައިންނަށް ޓަކައި އަރްކާން ކުރީމަ އެވެ.
“އިޓްސް އަ ސްމޯލް ގިފްޓް. މާބޮޑަށް ނުވިސްނާ.” އައިލީނަށް ވީގޮތް އަރްކާނަށް ވަގުތުން އެނގިއްޖެ އެވެ.
“ކައިފިންތަ؟. އަހަރެން ވަރަށް ބަނޑުހައި. މިއަދު މެންދުރު ކާނެ ވަގުތެއް ނުލިބުނު.” އަރްކާން ގެންގުޅުނު ދެވަނަ ކޮތަޅު ހިފައިގެން ތެދުވި އެވެ. އަދި ވާހަކަދައްކަމުން އޭނާ ކައިރިވެލީ ބަދިގޭ ކަބަޑުސެޓާ އެވެ. އަމާރާ އުރާލައިގެން ހުރި އައިލީން ނިކަން އަވަހަށް އަރްކާންގެ ގާތަށް އައެވެ. އޭނާ ކުރަނީ ކީއްތޯ ބަލާށެވެ.
“އައިލީންއަށް ދޮންނާކަށް ނުޖައްސާނަން. އަސްލު ތަށި ދޮންނަން ޖެހިދާނެތީ އެއްވެސް ތަށްޓެއް ނުގެންގުޅެނީ… އައިލީނަށް ވަރަށް ވިސްނޭ.” އަރްކާން ކޮތަޅުގެ ތެރެއިން ދެ ޖޯޑާއި ކާތަށީގެ ދެ ދަށްޓާއި ސަމްސަލާއި އުލެއް ނެގައި ކައުންޓަރު މަތީ ބަހައްޓަމުން ވާހަކަދެއްކި އެވެ. މިފަހަރު ނުތަނަވަސްކަން ވެރިވުމުގެ ބަދަލުގައި އައިލީންގެ ތުންފަތް ދެމިލަން އުޅުނެވެ. ހަޤީޤަތް އެނގޭއިރު ވެސް އަރްކާން އެފަދަ މޭރުމަކުން ވާހަކަދެއްކީމަ އެވެ. އައިލީންގެ ހާލަތަށް ދެރަބަހެއް ބުނަން އޭނާ ބޭނުންނުވާކަން ޚުދު އައިލީންގެ ހިތަށް ޤަބޫލުކުރެވުނެވެ. ބޭއިޚްތިޔާރުގައި އަރްކާންގެ އެ އޯގާތެރިކަމަށް އައިލީނަށް ޚާއްޞަ ނަޒަރަކުން ބަލާލެވުނެވެ.
“ސޮރީ… އަދިވެސް އަހަރެންގެ އަތުގައި އަރްކާނަށް ދޭނޭ އެއްޗެއްނެތް.” އައިލީންގެ އަޑުގައި މާޔޫސްކަންވިއެވެ.
“އަހަރެން ކައްކާ އެއްޗެހި މީރުތަ؟.” އަރްކާން އަހާލި އެވެ. މިފަހަރު އައިލީން ބޯޖަހާލީ ނިކަން އަވަހާއެވެ.
“އެހެންވީރު ކާން ރެޑީގައި ހުރޭ. މީގެ ފަހުން ރޭގަނޑުގެ ކެއުން ނަގާނީ ދެ މީހުން އެކީގައި. އެންމެ ރަނގަޅުތަ؟.” އަރްކާން މިހެންބުނެ އައިލީނަށް ބަލާލި އެވެ. ދެ ޚިޔާލެއްގައި ހުރެ ވެސް އައިލީން ބޯޖަހާލީ އެވެ. އޭނާގެ ހިތް ބާރު އެޅީތީ އެވެ.
“ގުޑް.” އައިލީންގެ އެއްބަސްވުމާ އަރްކާން ރުހުނުކަން އަންގާލީ އޭނާއަށް ބަލަން ހުރެ ބޯޖަހާލަމުންނެވެ.
ކާއެއް ހަދާ ވަރަށްވުރެ ވަރުބަލި ކަމުގައި ބުނެ އަރްކާން ފޯނު ނެގި އެވެ. އޭނާ އައިލީންގެ ޚިޔާލަކަށް ނާހަ އެވެ. އެކަމަކު އައިލީނަށް ރަހަ ނުބައި ކާއެއްޗެއް ކާން ނުދޭނެކަމުގައި ބުންޏެވެ. ކައުންޓަރު ކައިރީ ހުރެ އަރްކާން އޯޑަރު ދީ ނިންމާލި އެވެ. އައިލީނާއި އަމާރާއަށް އޭނާ ބަލާލި ގޮތުން އޭނާގެ ހުރިހާ ސަމާލުކަން އެ ދެމައިންނަށް ހުސްކޮށްލާފައިވާ ކަހަލަ އެވެ.
“ހޭ ޕީޗް. ޑޫ ޔޫ މިސް މީ.” އަމާރާގެ ކޮލުގައި އަރްކާން ކޮއްޓާލި އެވެ. އެކުއްޖާގެ މޫނުން އުފާވެރިކަން ފާޅުވެލި އެވެ. އަރްކާންގެ ގާތަށް ދާން ބޭނުންވެ އަމާރާ އަތް ދިއްކޮށްލި އެވެ. އައިލީން ދަރިފުޅުގެ އެދުމާ ދެކޮޅެއް ނުވި އެވެ. އަރްކާންގެ އަތަށް އައިލީން ދަރިފުޅު ދިއްކޮށްލި އެވެ.
އަރްކާން އުރާލުމާއެކު އުފާވެރިކަމުގެ އަޑެއް އަމާރާ ލައްވާލި އެވެ. އެ ކުއްޖާގެ ކޮލުގައި އަރްކާން މޫނު ޖައްސާލައި ސަމާސާކޮށްލި އެވެ. އެހިނދު އަމާރާގެ ހިނިގަނޑު ފަޅައިގެން ދިޔަ އެވެ. އެ މަންޒަރު ބަލަން ބަދިގެ ކައުންޓަރުގައި ލެނގިލައިގެން ހުރި އައިލީން އަޖައިބުވި އެވެ. ހަމައެއާއެކު އެ ތުއްތު ހުނުމުގެ އަޑުން އައިލީނަށް ބަޔާންކުރާން ނޭނގޭ އުފާވެރިކަމެއްގެ އިޙުސާސް ކުރެވުނެވެ. އެކަމަކު އެ އުފާވެރިކަމާއެކު އޭނާގެ ހިތަށް ބިރުވެރިކަން ވެސް ވަނެވެ.
“ޕީޗްއަށް ކިތައް މަންތް؟.” އައިލީން ފިކުރުތަކެއްގެ ތެރެއަށް ގެއްލެނީހެން އަރްކާނަށް ހީވުމާއެކު ސުވާލުކޮށްލި އެވެ. އަރްކާންގެ ގަސްދަކަށްވީ އައިލީންގެ ސަމާލުކަން އަތުލުމެވެ.
“ތާޓީންތްގަ ސިކްސް މަންތްވީ.” އައިލީން ބުންޏެވެ. އޭނާ ގެއިން ނުކުތީ ދަރިފުޅު ހަ މަސް ވީތާ ދެވަނަ ދުވަހު އެވެ.
“ކޮންއިރަކު ބޭބީސްއަށް ކާންދެނީ.”
އަރްކާން މަސައްކަތް ކުރީ އައިލީން ލައްވާ ވާހަކަދައްކުވާށެވެ. ޚިޔާލުތަކުގެ ތެރެއަށް ގެއްލުމުގެ ކުރީން އައިލީންގެ ސަމާލުކަން އަރްކާނަށް ހޯދުނެވެ. އަމާރާގެ ކަންކަމާ ގުޅޭ ގޮތުން އަރްކާން ކުރާ ސުވާލުތަކަށް އައިލީން ޖަވާބުދެ އެވެ.
ރޭގަނޑުގެ ކެއުމަށްފަހު އައިލީންގެ އެޕާޓްމެންޓުން އަރްކާން ނުކުތީ އަސަލްއާއެކު ކޮފީއަށް އަރަން ޖެހޭތީ އެވެ. ރޭގައި އޭނާއަށް ނިދުނީތީ ނުދެވުނީ އެވެ. އެހެންވެ ކޮންމެހެން ވެސް މިރޭ ދާން އޭނާއަށް މަޖުބޫރެވެ. އެހެންނޫނީ އަސަލް ކޮށާވަރުން އަރްކާނަށް ހަމަނޭވާލާ ނުލެވޭނެ އެވެ.
ސޯލެސްގެ ހާމަފެންޑާއަށް އަރްކާން ނުކުތްއިރު އާންމުކޮށް އަސަލް އިންނަ މޭޒުދޮށުގައި އިނެވެ. އަސަލްއާއެކީ ރޭގަނޑުގެ އެ ކޮފީގައި ބައިވެރިވާ އެމީހުންގެ ކުންފުނީގެ ބޮޑުމީހާ ވެސް އިނެވެ. އަރްކާން އައިސް މޭޒު ދޮށުގައި އިށީންނަމުން ވެރިމީހާއަށް ސަލާން ގޮވާލި އެވެ.
“ތެދެއްތަ. އަސަލް ކިޔައިފި މީހެއްގެ އަނތްބަކާ ކޭން ހިތާވެއްޖޭ. އެކުއްޖާ ވަގަށް ނަގައިގެން ފިރިމީހާއަށް ފޮރުވައިގެންނޭ އުޅެނީ.” އަރްކާންގެ ސަލާމް ބަލައިގެންފައި ބޮސް ވަގުތުން ވާހަކަދެއްކި އެވެ.
އަރްކާންގެ ނަޒަރު އަސަލްއަށް ހުއްޓުލީ ނުރައްކާތެރި އިންޒާރެއް ދިން ފަދައިންނެވެ. “ޕަކަޕަކަ” ލާފައި އަސަލް ހޭން ފެށީ އެވެ. އަރްކާންގެ ބަލާލުމުން އަސަލްއަށް އަސަރެއް ކުރިހެނެއް ހިއްޔެއްނުވެ އެވެ. އަރްކާނަށް ދަތްކުނޑިވިކާލެވުނެވެ. ކުރިމަތީ ބޮސް އިނީތީ އަރްކާން އިނީ ޒާތަކަށް މަޖުބޫރުވެފަ އެވެ. އެކަމުގެ ފައިދާ އަސަލް ނަގާކަމީ އަރްކާނަށް އާކަމެއް ވެސް ނޫނެވެ. އަނެއްކޮޅުން އެމީހުންގެ ބޮސްއަކީ އަސަލް ކަހަލަ ސަކަ މިޒާޖެއްގެ ޒުވާނެކެވެ. ސީރިއަސް ކަންކަމުގައި ނިކަން ސީރިއަސް ވާނެ އެވެ. އެކަމަކު އިތުބާރުކުރާ ގާތް މީހުންނާ ޖެހުމުން އެ ސީރިއަސްކަމެއް ބޮސްގެ ފަރާތުން ނުފެނެ އެވެ. މިރޭގެ ކަންތައް ފެށުނީކަން އަރްކާނަށް ވިސްނުނެވެ.
“އެ ފަދަ ނިމުމެއް އެ އަންހެންކުއްޖާއަށް އަތުވެދާނޭތީ އެހެން ނުހެދީ.” އަސަލްއާއި ބޮސްގެ ވާހަކަތަކަށް އަރްކާން ރައްދު ދިނެވެ. އެ ޖަވާބު އަހާފައި އެ ދެ މީހުން ވެސް ހިމޭންވެއްޖެ އެވެ. އަރްކާން އެބުނި އެއްޗެއް އޭގެ ދެ މީހުންނަށް ވެސް ފަހުމްވީ އެވެ.
* * * * *
މޭޒު ދޮށުގައި އިން މިލީނާގެ މޫނަށް ފަރުވާތެރިކަމާއެކު ޒަރާރު ބަލާލި އެވެ. ހިމޭންކަމުގައި ދެމަފިރިން ތިބި ނަމަވެސް އެކަކުއަނެކަކުގެ ހާލު އެ ދެމީހުންނަށް ވެސް ތަސައްވުރު ކުރެވެ އެވެ. އަނގަ ހުއްޓާނުލާ ރާބިއާ ކިޔާ އެއްޗެހިން މިލީނާ ދެރަވާވަރު ޒަރާރު ދެނަހުއްޓެވެ. މަންމަ އެދުނަސް އެ ގެއަށް އަންނަން ޒަރާރު ފޫހިވާ ކަމަކީ އެއީ އެވެ. މަންމަ ފާޑު ކިޔުމުގައި ވަކި އިމެއް ނުގެންގޫޅޭތީ އެވެ. ދެމަފިރިންގެ ޒާތީ ދިރިއުޅުމުގެ ތެރެއަށް ވަންނަން މަންމަ މަސައްކަތް ކުރާތީ އެވެ.
“ދެޓްސް އިނަފް މަންމާ.” ކެތްނުކުރެވިގެން ޒަރާރަށް އެންމެފަހުން ބުނެވުނެވެ.
“މިލީ ނުޖެހޭ ވަޒީފާއިން ކެނޑޭކަށް. އަހަރެމެންނަށް ކުއްޖަކު ނުލިބިގެން އުޅެނީ މިލީ ވަޒީފާގައި އުޅޭތީއެއްނޫން. ނުވިސްނޭމީހުން ދައްކާކަހަލަ ވާހަކައެއްނޫންތަ މަންމަ ދައްކަނީ.” ޒަރާރު ރައްދު ދިނެވެ.
“މިގޭގައި ނޫޅެންވެގެން ދިޔައީ ކަލޭމެން އުޅޭގޮތް މަށަށް ފެނިދާނެތީ.” ރާބިއާ ބުންޏެވެ. އޭނާއަކީ ގޮތްދޫކުރާނެ އަންހެނެއް ނޫނެވެ.
“މަންމާ. އަހަރެންނަކީ ރެންއެއްނޫން. އަހަރެން މިލީ ޚިޔާރުކުރީ އަހަރެން އޭނާއާއެކު ރީތި ހަމަޖެހޭ ދިރިއުޅުމެއް އުޅޭން ގަސްދުކޮށްގެން. މިލީއަކީ އެއްވެސް މީހެއްގެ އަޅެއްނޫން.” މިފަހަރު ޒަރާރުގެ އަޑު ބާރުވި އެވެ. ހަމައެހިނދުން މިލީނާ ފިރިމީހާގެ އަތްމަތީ އަތްބާއްވާލައިފި އެވެ. ދެން ހުއްޓާލާށޭ ބުނަން އޭނާ ޒަރާރަށް އިޝާރާތްކުރީ އެވެ. މައިދައިތަގެ ގޮތް މިލީނާއަށް އޮޅިފައެއް ނެތެވެ.
“ހިނގާ ދާން.” ޒަރާރް ކާމޭޒު ދޮށުން ތެދުވި އެވެ.
ގެއިން ނުކުންނަން ދިޔަ ޒަރާރުގެ ނަމުން ރާބިއާ ގޮވާލީ ނުހަނު ބާރަށެވެ. ނަމަވެސް އޭނާ މަޑެއް ނުކުރި އެވެ. އޭނާގެ ހަލުވި ހިނގުމާ އެއްވަރު ކުރަމުން ފަހަތުން މިލީނާ ވެސް އެ ގެއިން ނުކުތީ އެވެ.
ލިފްޓް ތެރޭގައި ހުރި ޒަރާރު ނިތްކުރީގައި ފިރުމާލުމާއެކު ފުންނޭވާއެއް ދޫކޮށްލި އެވެ. މިލީނާ ފިރިމީހާގެ ކަނާއަތުގެ މުލައްދަނޑީގައި ފިރުމާލި އެވެ.
“ރެން ހާލުކު ކުރީ މަންމަ. ބައްޕަ ދުނިޔޭގައި ހުރިނަމަ މަންމައަކަށް ނުކެރޭނެ މިހާރު އެ އުޅޭހެން އުޅޭކަށް. ރެންއަށް ރަނގަޅު ދިރިއުޅުމެއް ފެނިއްޖެތަ؟. އަހަރެން ހާދަ ދެރަވޭ އެލީ ފެންނަ ކޮންމެ ފަހަރަކު. ދޮންބޭއޭ ގޮވާއިރު، އެފަދަ މަޤާމެއް އަހަރެންނަށް ހައްޤުތަ؟. އަހަރެންގެ ނޭނގިއެއްނޫން… މިލީ… އަހަރެން ހާދަ ބިރުންނޭ ހުންނަނީ. އެކުއްޖާ އަމިއްލައަށް މަރުވާން އުޅެދާނެތީ.”
“ދެން ހުއްޓާލާ. ތިވާހަކަ ދެއްކިޔަސް އަހަރެމެންނަށް ކުރެވޭނެކަމެއްނެތް.” މިލީނާގެ އަޑުގައި މަޑުމޮޅިކަންވި އެވެ.
“އަހަރެންގެ ކޮއްކޮއަށް ވިޔަސް އަހަރެން ނޭދެން ދުވަހަކުވެސް ރެންއަށް އެލީ ފެންނާކަށް. އެކުއްޖާއާ ދިމާވެއްޖެއްޔާ ބުނަން ވެސް ބުނާނަން އެނބުރި ނާންނައްޗޭ.” ޒަރާރުގެ އަޑުގައިވީ ސާބިތުކަމެވެ.
“އެލީއަކީ ހިތްވަރުގަދަ ކުއްޖެއް. މިލީ ވަރަށް ދުޢާކުރާން އެ ދެމައިންނަށް ހެޔޮގޮތެއް މިންވަރުވުމަށް. ރެން ކީއްވެތަ އެލީއާ ކައިވެނިކުރީ؟. އެހެން ހަދަން ހެޔޮނުވާނެ ދޯ.” މިލީނާގެ ހިތަށް އަސަރުކުރި އެވެ.
“މަންމަ ކުރުވިކަމެއް. މަންމަގެ ނުފޫޒުން… ކޮންކަމެއް ހާސިލްކުރަންކަމެއް ނޭނގޭ. އަހަރެން ކައިރީގައި އެއްވެސް ވާހަކައެއް ނުދައްކާނެ. އެނގޭނެ ރަނގަޅު ކަމެއް ނޫނިއްޔާ އަހަރެން ދެކޮޅު ހަދާނެކަން… ގައިމު މީ ކުރީން މަންމަ އުޅުނު ގޮތެއްނޫނޭ. ބައްޕަގެ ފުރާނައަށް ވެސް ހަމަޖެހިނުލޭވޭނެ މަންމައާ ހެދި.” ޒަރާރަށް ދެފަރާތަށް ބޯހޫރާލެވުނެވެ.
ލިފްޓުން ނުކުމެ އިމާރާތުން ބޭރަށް ޒަރާރާއި މިލީނާ ނުކުތެވެ. ޕާކުކޮށްފައި ހުރި ސައިކަލު ނަގައިގެން ޒަރާރު އަންނަންދެން މިލީނާ ދުވާރު މަތީ މަޑުކޮށްލައިގެން ހުއްޓެވެ. އަދި ޒަރާރު ސައިކަލުގައި އައިސް މަޑުކޮށްލުމުން މިލީނާ ލައިގެން ހުރި އަބާޔާގައި އެއް އަތުން ހިފަހައްޓާލާފައި ސައިކަލުގައި އަރިއަކަށް އިށީނެވެ.
ދޮރޯށި ކައިރިއަށް ޒަހްރާނަށް ނުކުމެވުނުއިރު ޒަރާރާއި މިލީނާ ސައިކަލުގައި ނައްޓާލައިފި އެވެ. އޭނާ އައީ ދޮންބެއާއި މިލީދައްތަ ހުއްޓުވާށެވެ. ދޮރޯށި ކައިރީ އިރުކޮޅަކު ބަލަން ހުރެފައި އޭނާ އެނބުރި ގޭތެރެއަށް ވަނެވެ.
* * * * *
އައިލީނަށް ބެލެނީ “ބައުންސާ ސްވިންގް” ގޮނޑީގައި އޮތް އަމާރާއަށެވެ. އޭގައި އަޅުވާފައި ހުރި ކުޅޭ އެއްޗިއްސަށް އަމާރާގެ އަތް ފޯރަ އެވެ. އެހެންވެ އެ ކުއްޖާ އޮތީ ނިކަން މަޖާވެފަ އެވެ.
ޔޫ ޝުޑް ތޭންކް ހިމް.” އައިލީން ދަރިފުޅަށް ބުނެލި އެވެ.
އަރްކާންއާ މެދު އައިލީނަށް ޚިޔާލު ކުރެވެން ފެށުނެވެ. އެކަނިމާއެކަނި އެ ގޭގައި އަރްކާން އުޅޭތީ އެވެ. ޢާއިލާގައި އެހެން މީހަކު ނުހުންނަނީބާ އެވެ. އެކަމަކު ސުވާލެއް ކުރަން އައިލީން ފަސްޖެހެނީ އަމިއްލަ ދިރިއުޅުން ޚިއްޞާކުރަން ޖެހިދާނެތީ އެވެ. އޭނާގެ ދިރިއުޅުމާ ބެހޭ ގޮތުން އަރްކާން ސުވާލުކޮށްފިނަމަ ކިޔައިދެވިދާނެ ހެއްޔެވެ.
މަޑުމަޑުން އައިލީން ދެ ފަރާތަށް ބޯ ހޫރާލީ އެވެ. ވަގުތާއެކު ކަންކަން އޮޅުންފިލާނޭ ކަމުގައި އައިލީން ޤަބޫލުކުރީ މިވަގުތު އެއްވެސް ސުވާލެއް ކުރުން ރަނގަޅު ޚިޔާލެއްކަމަށް ނުފެންނާތީ އެވެ.
އެޕާޓްމެންޓްގެ ދޮރުގައި ޓަކި ޖަހާލި އަޑާއެކު އައިލީންގެ ހިތް އަވަސްވިއެވެ. ގަޑިންވީއިރެއް އޭނާއަކަށް ނޭނގެ އެވެ. ބާރަ ޖަހާފާނޭކަމަށް އައިލީން ލަފާކުރި އެވެ. ދޮރު ކައިރިއަށް އައިލީން އައިސް މަޑުކޮށްލި އެވެ.
(ނުނިމޭ)