“އޭރު ވަރަށް ދިލަނެގިއޭ… ދެން އަޅުގަނޑު މިދަނީ ފެންވަރާލައިގެން ނިދާލަން، އަދި އެބަހުރި އަސުރު ވަގުތު ޖެހެމާ ދޭތެރޭ ވަގުތުކޮޅެއް” އުނައިސްއަށް ލޯ އަޅާލަމުން އަރުފީނު ބުނެލިއެވެ. އަދި އޭނާ ސޯފާއިން ތެދުވެގެން ފަރިގޮތަކަށް ރުހައިލާ ދިމާއަށް ބުޑުއަނބުރާލާފައި ސިޑިއާ ދިމާއަށް ހިނގައިގަތެވެ. އޭރު އޭނާގެ ފަޔަށް ތަދުވާކަމުގެ އެއްވެސް އަސަރެއް ނެތެވެ.
އަރުފީނު ގޮސް ލޯމަތިން ގެއްލުމުން ލުތުފީ ވެސް ތެދުވެގެން ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. އޭނާގެ ފަހަތުން އާތިޤާ ހިނގައިގަތުމުން އުނައިސް ސޯފާގައި ދެމިލީއެވެ.
“އެހާ ޅައުމުރުގައި އަނބިމީހާއާ ވަކިވާންޖެހުނީމަ ހާދަ ދެރައޭ”
“ކާކު، ރުހައިލުތަ؟”
“އާން! ލޯބިލޯބި ދަރިފުޅު މަންމައަކާ ނުލާ ގެންގުޅޭނީ ކިހިނެއް، އަނެއްކާ އަންހެން ދަރިއެއް، ރުހައިލު ވެސް ކިހާ އެކަނިވާނެ… އަހަންނަށް އެނގޭ އަނތްބަކާ ނުލާ އަހަރެން އުޅުނު ގޮތް”
“އުފާވެރި ދިރިއުޅުމެއް އަލުން ލިބުމަކީ ވެދާނޭކަމެއްނު، އަހަރުމެން ދެމީހުންނަކީ ވެސް އޭގެ މިސާލެއް، ނޫންތަ؟ ފަހަރެއްގައި އަދި ރުހައިލުގެ ދިރިއުޅުމަށް ބައިވެރިއަކު ގެންނަން އަވަހީކަމަށްވެދާނެ، ނޫނީ އޭނާ ވެސް ބޭނުންވާ ފަދަ ބައިވެރިއަކާ ދިމާނުވާތީ އެކަނިވެރިކަން ޚިޔާރުކޮށްލައިގެން ހުރީކަމަށް ވެސް ވެދާނެ”
“ވެދާނެ ތިހެން ވެސް، އާތިޤާ… އަރުފީނު ވަރަށް ގާތްހެން ހީވޭ ރުހައިލުއާ”
“މަށަށްވެސް ތިހެން ހީވެއްޖެ، އަރުފީނަކީ ކޮންމެހެން މީހެއްގެ ވާހަކަ ބުނަންޖެހިގެން ނޫނީ މީހުންގެ ވާހަކަދައްކާ ކުއްޖެއްނޫން، ރުހައިލުގެ ދަރިފުޅަށް އެހީވާން އެގެއަށް އައުމަށް އޭނާގެ މަންމަ އެދުނީމަ ކިރިޔާ ވެސް އެމީހުންގެ ވާހަކަ ކިޔާދިނީ، އަހަންނަށް ހަމަ ޔަޤީން ޝާރުދާއަކީ ވަރަށް ރަނގަޅު އަންހެނެއްކަން، އޭނާގެ ކައިރީގައި ހުރެފައި އަރުފީނު އަހަރުމެންގެ ގާތަށް އައިއިރު އެކުއްޖާއަށް އައިސްފައި ހުރި ހެޔޮ ބަދަލުތަކުން އެމީހުންގެ ގޮތް އެނގުނު، ރުހައިލުގެ ވެސް ބޮޑާގޮތެއް ނެތެއްނު، ވަރަށް ހިތްހެޔޮކުއްޖެއްހެން ހީވަނީ، ވަރަށް ލޯބި ދޯ ޔަލާ”
އަރުފީނާއި ރުހައިލުގެ ދެމެދުގައި އޮތް އެއްވެސް ކަމެއް އާތިޤާ އާއި ލުތުފީއަށް ނޭނގުނު ނަމަވެސް އެ ދެމީހުންނަށް ވެސް އެއްކަމެއް ފާހަގަކުރެވުނެވެ. އަރުފީނާމެދު ރުހައިލު ބަހައްޓާ ގާތްކަމެވެ.
ހަވީރު އެންމެން ސައިކޮޓަރީގައި ތިބިއިރު އުނައިސް ހުރީ ބެލްކަންޏަށް ނިކުމެވެން ހުރި ދޮރުކައިރީ މަޑުކޮށްލައިގެން ކޮފީ ބޯށެވެ. އޭނާގެ ގާތުގައި ދޮރުގެ އަނެއްފަރާތުގައި އައިސް އަރުފީނު މަޑުކޮށްލިއެވެ. ދެމީހުން އެކަކު އަނެކަކަށް ބަލާލާފައި ވެސް މަޑުކޮށްލީ އެކަކު އަނެކަކަށް ވާހަކަދައްކަން ފުރުޞަތުދީގެން ތިބިހެނެވެ. ނަމަވެސް އުނައިސްއަކަށް މާގިނައިރަކު ދޫހިމޭނުން ބާއްވައިގެން ނުހުރެވުނެވެ.
“ރިއަލީ…. ރިއަލީ އަރުފީ….” ދެ ބުމަ އަރުވާލައިގެން ހުރެ އުނައިސް ބުނެލިއެވެ.
“ވަޓް…”
“ނޭނގޭކަމަށް ނަހަދާ… ރުހައިލު މިގެއަށް އައީ ކިހިނެއްވީ، އަނެއްކާ ތި ދެމީހުން… އަހަންނަކަށް ނޭނގޭ ބުނަންވީ ކީކޭކަމެއް ވެސް”
“އަސްލު ވެސް އަހަރެންގެ ފަޔަށް ހޫނުކޮފީ އެޅުނު، އެއީ ދޮގުވާހަކައެއްނޫން، އެކަމަކު އަހަރެންގެ ފަޔަށް އެހާ ބޮޑުވަރެއްނުވޭ، ގެއަށް އަންނަން ބޭނުންވެފައި ހުރީމަ އެހާ އެކްޓު ޖައްސަންޖެހުނީ…”
“ކީއްވެ ކުއްލިއަކަށް ގެއަށް އަންނަން ބޭނުންވީ”
“ކަމެއްނުވޭ… ދެން އެގޭގައި ހުންނަން އަހަންނަށް ފަސޭހަނުވާނެކަން އެނގޭނު”
“ޤަބޫލެއްނުކުރާނަން، ކޮންމެވެސް ކަމެއް އަރުފީ ސިއްރުއެބަކުރޭ، ރުހައިލު އެއްޗެއް ބުނީތަ؟ އެކަމަކު ބުނަން، މިއަދު ފެނުންހާ ކައިރިން އަދި ރުހައިލެއް އަހަރެން ނުދެކެން، ތެދަށް ބުނަންޏާ އޭނާ ހިޔެއްނުވޭ އެހާ ކަންތައްބޮޑު މީހެއް ހެނެއް، ހީވަނީ ވަރަށް ނައިސް މީހެއްހެން… ހަމަގައިމު ވެސް އެކަކަށް ނުފެންނަކަމެއް އަހަންނަށް ފެނުނު”
“ކޮންކަމެއް…”
“އަރުފީނުދެކެ އޭނާ އަދިވެސް ލޯބިވާކަން… އެހެން އެންމެނަށް އޭނާ ބަލާލާ ގޮތާ އަރުފީނަށް އޭނާ ބަލާލާގޮތް ހާސްބައި ތަފާތު، އަދިވެސް ނުވޭތަ ތިކަމަށް ނިންމުމެއްގެންނާކަށް، ކިހާ ދުވަހަކު ތިހެން ހުންނާނަންތަ؟ އެޓްލީސްޓު މިހާރު ދެން ޤަބޫލުކޮށްބަލަ އޭނާގެ ލޯބި، މިހާރު ރުހައިލަކީ މީހެއްގެ ފިރިއެއް ވެސް ނޫން، އަދި މީހަކާ އިންނާކަށް ވެސް އޭނާ ނޫޅޭ… ދެން ކީއްވެތަ އަރުފީ އެކަމަށް އިސްނުނަގަނީ… ތިހެން ހުއްޓާ އަނެއްކާ ވެސް އޭނާ ގެއްލިދާނެ، ދެމީހުން ތިހެން އުޅެގެން އެކަކަށް ވެސް އުފަލެއް އެބަ ލިބޭތަ؟”
“އެނގޭ އަދިވެސް ރުހައިލު ލޯބިވާކަން، އެކަމަކު އެމީހުންގެ ތެރެއަށް ދާން އަހަރެންމީ ކާކު”
“ތީ އޭނާގެ ބައްޕަ ބުނާއެއްޗެއް، ފަހަރެއްގައި ވެސް ރުހައިލު ތިހެންނެއް ނުދެކޭ… ނޫންތަ؟ އޭނާ އެހުންނަނީ އަރުފީނުގެ ހިތުން ޖާގައެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި، އެހެންމީހަކުނަމަ މިހާރު އަރުފީނުދެކެ ފޫހިވެދާނެ… ޒަމާން އެފަދަ ތެދުވެރި ލޯތްބަކަށް ތަނެއް ނުދޭ… އަރުފީއަކީ ނަސީބުވެރިއެއް، ރުހައިލު ފަދަ ތެދުވެރި ލޯތްބެއްވާނޭ މީހަކު މި ދުނިޔެމަތީގައި ހުރީތީ”
އުނައިސްގެ ވާހަކަ ނުނިމެނީސް އެނބުރި ދާން އަރުފީނު ހިނގައިގަތެވެ. އެވަގުތު އޭނާގެ އަތުގައި އުނައިސް ހިފެހެއްޓިއެވެ. އަދި އައިސް އަރުފީނުގެ ކުރިމަތީ ހުއްޓިލިއެވެ.
“އޭތް! ދެރަވެގެން ދޯ ތިދަނީ… އަރުފީ ނިކަން ހިތްވަރުކޮށްފައި އެއްފަހަރު ވެސް ރުހައިލަށް ކިޔައިދީބަލަ އޭނާގެ ބައްޕަގެ ޚިޔާލު ހުރިގޮތް، އަހަންނަށް ޔަޤީން އޭނާ އަރުފީގެ ވާހަކަ ދޮގެއް ނުކުރާނެކަން…”
“ހަޤީޤަތް ބުނެދޭން ބޭނުން، އެކަމަކު ދޭތެރެޖެހޭކަށް ވެސް ބޭނުމެއްނޫން، އެމީހުންގެ އެއްދަރިފުޅު އެމީހުންގެ އަތުން ބީވެގެން ދިއުމުން ދެވަނަ ދަރިފުޅު އެމީހުން ގެންގުޅެމުން އައީ އެހާވަރުން… އެ ދަރިފުޅާ މައިންބަފައިން ދެބަސްވެއްޖެއްޔާ އެ މީހުންގެ ހިތަށް ކުރާނޭ އަސަރު ވިސްނާލަންވާނެ ދޯ… އެގޮތަށް ކަންތައްކޮށްފިނަމަ އަހަރެންވާނީ ވަރަށް އަމިއްލަ އެނދުން ބޮޑު މީހަކަށް، އަހަންނަށް ހުރިހާ ވާހަކައެއް ކިޔާދޭން ނުކެރުނަސް… އަހަންނަކީ ހިތްވަރުދެރަ މީހެއްނޫން، އިރާދަކުރެއްވިއްޔާ އަހަރެންގެ އިންތިޒާރަށް ވެސް ނިމުމެއް އަންނާނެ، އެ ދުވަހަށް ކެތްތެރިވާނަން….”
“އަރުފީ ހާދަ މޮޔައޭ… ރުހައިލުގެ ފަރާތުން ކިތައް ފުރުޞަތު ލިބުނީމަތަ އަރުފީއަށް ވިސްނޭނީ، އެތައް އަހަރެއް ތި ދެމީހުން ދުރުގައި އުޅުނީ، އެކަމަކު މިއަދު ތި ތިބީ ދެމީހުން އެއްތަންވެފައި… ޕްލީޒް… އިތުރަށް ރޮމުން ތިހިތަށް ވިސްނައިދޭން ނޫޅޭ، އޭގެ ބަދަލުގައި އަރުފީގެ ހިތް ބުނާ އެއްޗެއް އަޑުއަހާބަލަ، އެއްފަހަރު ވެސް ތި ސިކުނޑީގެ މަސައްކަތް ހުއްޓާލާފައި ވޭންއަޅަމުން ތިދާ ހިތާ ހުންގާނު ހަވާލުކޮށްބަލަ…” އުނައިސް މިހެން ބުނެލުމުން އިސްޖަހާލައިގެން ހުރެ އަރުފީނު ދެފަރާތަށް ބޯހޫރާލީ ނުކެރޭނެއޭ ބުނާ ފަދައިންނެވެ.
* * * *
ހަފްތާ ބަންދަށްފަހު އޮފީސްތައް ހުޅުވުނެވެ. އޭގެ ފަހުން ދެތިން ދުވަސް ވެގެން ދިޔައިރު ވެސް އަރުފީނުގެ ޚަބަރެއް ނުވެއެވެ. ޝާރުދާ ގުޅާލުމުން މަސައްކަތާ ހެދި ވަރަށް ބުރަކޮށްކަމަށް އުޅެނީ ބުނެ ކޮންމެވެސް އުޒުރެއް ދައްކައެވެ. އެކަން ޝާރުދާއަށް ޤަބޫލުކުރެވުނަސް ރުހައިލުގެ މޫނުމަތި ބަނަވެގެން ދިޔައެވެ. ޚުދު އޭނާގެ ފޯނުން އަރުފީނަށް ގުޅަން ފެށިއެވެ. ފޯނު ނެގުމުގެ ބަދަލުގައި އަރުފީނު މެސެޖު ކުރަމުން ދިޔައީ އޭނާ ވަރަށް ބުރަކޮށް އުޅޭތީ ފޯނަށް ޖަވާބުދެވެން ނެތްކަމަށެވެ. އެވަރުން ރުހައިލު ހިތްހަމައެއް ނުޖެހުނެވެ. އަރުފީނުގެ އޮފީސް ނިމޭގަޑިއަށް އެ އޮފީސް ދޮށަށް އޭނާ ދިޔައެވެ. ދެ ދުވަހަކު ގޮސްގެން ވެސް އަރުފީނާ ބައްދަލެއް ނުވިއެވެ. ހިތަށް ލިބެމުން ދިޔަ ނުތަނަވަސްކަންވީ އިތުރެވެ. އެހެންވެ އެންމެފަހުން ރުހައިލު ގޮތެއް ނިންމިއެވެ. މި ފަހަރު އޭނާ އެހާ ފަސޭހައިން އަރުފީނު ގެއްލުނަކަ ނުދޭނެއެވެ.
އިރުއޮއްސެން އުޅެނިކޮށް އުނައިސްއާއެކު ކާރުގައި އައިސް އަރުފީނު ގެއަށް ވަނެވެ. އޭރު އެގެ ފެންނަ ހިސާބުގައި ކާރު ޕާކުކޮށްލައިގެން ރުހައިލު އިނެވެ. އަރުފީނު ގޮސް ގެއަށް ވަންތަން ފެނުމުން އޭނާ ކާރުން ފައިގެން އައިސް އެގެއަށް ވަނެވެ.
ބޮޑުކޮޓަރީގައި އުޒައިރުއާ ދިމާއަށް އެއްޗެއް ބުނަން ހުރި އުނައިސް އެނބުރި ދޮރާ ދިމާއަށް ބަލާލީ ރުހައިލު ސަލާމްގޮވާލި އަޑަށެވެ. އޭނާއަށް ލިބިފައި ހުރި ހައިރާންކަމާއެކު ސަލާމްބަލައިގަތުމަށްފަހު މަޑުކޮށްލެވުނެވެ.
“އަރުފީ… އަރުފީނު އެބައުޅޭތަ؟”
އުނައިސްއަށް “ހޫން ލައްވާލަމުން ބޯޖަހާލެވުނެވެ.
“އަޅުގަނޑު މިއައީ އަރުފީނާ ބައްދަލުކޮށްލަން” ލައިގެން ހުރި ޖީންސުގެ އެއްފަރާތު ޖީބަށް އެއްއަތް ޖަހާލައިގެން ހުރި ރުހައިލު ބުނެލިއެވެ.
“އާދޭ އެތެރެއަށް، ދެންމެ އަރުފީނު އޮފީހުން އައީ، އެބަ އަންނަން ގޮވާލާފައި”
އުނައިސް މިހެން ކިޔާ ސިޑިއާ ދިމާއަށް ހިނގައިގަތެވެ. އުޒައިރު ދުއްވައިގަތީ އެތެރެއަށެވެ. ހީވަނީ އާތިޤާއަށް ގޮވަންހެންނެވެ. ހަމަ އެވަގުތު މަޤުރިބު ނަމާދަށް މިސްކިތަށްދާން ޙައިދަރު ނިކުންނަން އަންނަނީއެވެ. އޭނާއަށް ރުހައިލު ފެނުމުން ވަރަށް ބޮޑަށް ހައިރާންވިއެވެ. އަވަހަށް އައިސް ރުހައިލުގެ ގާތުގައި މަޑުކޮށްލިއެވެ.
“ކޮންއިރަކު އައީ؟ އެކަނިތަ…. އަރުފީނު ނާދޭތަ؟” ޙައިދަރަށް އަހާލެވުނެވެ.
“މިއައީ އަރުފީނާ ބައްދަލުކޮށްލަން، އޭނަ އެބައާދޭ، ކިހިނެއްތޯ ބޭބެ” ހިނިތުންވެލަމުން ރުހައިލު އަހާލިއެވެ.
“ވަރަށް ރަނގަޅު އިރާދަކުރެއްވިއްޔާ، އެކަމަކު މިވަގުތު މަޑުކުރެވޭކަށްނެތް، މިދަނީ މިސްކިތަށް”
އުނައިސްގެ ވާހަކަ ޤަބޫލުނުކުރެވިގެން އަރުފީނު ދުވެފައި ސިޑިން ފައިބައިގެން އައިސް މެދާ ހަމައިން ހުއްޓެވުނީ ސޯފާގައި އިން ރުހައިލު ފެނިފައެވެ. ޙައިދަރު ވާހަކަދައްކަން ހުރިތަން ފެނުމުން ވަކިން ބޮޑަށް އަރުފީނު ފިނިވާގޮތްވިއެވެ. ރުހައިލުގެ ނަޒަރު އެ ދިމާއަށް ހުއްޓުމުން ޙައިދަރު ވެސް ބަލާލީ ސިޑީގެ ހަރުފަތްތައް މަތީ ހުއްޓުން އަރާފައި ހުރި އަރުފީނަށެވެ.
“ދަރިފުޅު ތިއައީ ދޯ، ރުހައިލު އެކަނި ބައިންދާކަށް ނުވާނެއެއްނު، ދޭބަލަ އޭނާ ގޮވައިގެން ބަދިގެފަރާތަށް، މިގެއައިމަ އެއްޗެއް ނުދީ ފޮނުވާލާކަށް ނުވާނެއެއްނު، ބައްޕަ މިދަނީ މިސްކިތަށް، މިރޭ ކެއުމުގައި ރުހައިލު ބައިވެރިނުކޮށް ފޮނުވާނުލައްޗޭ… ދެން ބައްޕަ ދަނީ” ހިނިއައިސްފައި ހުރެ ރުހައިލުގެ ކޮނޑުގައި ޖަހާލަމުން ޙައިދަރު ގޮސް ދޮރުން ނިކުމެއްޖެއެވެ. އޭރު އަރުފީނުގެ ފަހަތުގައި އުނައިސް ހުއްޓިލައިގެން ހުރީ އެ ދެމީހުން ކަންތައްކުރަނީ ކިހިނެއްތޯ ބަލާށެވެ.
“އަހަންނަށް ގުޅާލިނަމަ” ވަށައިގެން ހޯދާލާފައި އައިސް ރުހައިލުގެ ގާތުގައި މަޑުކޮށްލަމުން ވަރަށް މަޑުމަޑުން އަރުފީނު ބުނެލިއެވެ.
“އަހަރެން ގުޅީމާ ފޯނު ނަގާނަމަތާ ބުނެވޭނީ އެއްޗެއް” ދުރުގައި އުނައިސް ބަލަން ހުރުމުން ރުހައިލު ވެސް އޭނާ ހިތްހަމަނުޖެހިފައި ހުރިވަރު ނުދައްކާވޭތޯ މަސައްކަތްކުރިއެވެ.
“ކީއްކުރަން ތިއައީ…” އަރުފީނުގެ ހަރަކާތްތައް ހުރި ގޮތުން އޭނާ އެ ހުރީ ރުހައިލު އެގެއަށް އައުމުން ކަންބޮޑުވެފައިކަން އެނގެއެވެ. އެހެންނަމަވެސް ރުހައިލު އެނބުރިދާކަށް ބޭނުމެއްނުވިއެވެ.
“އަހަރުމެން ދެމީހުން އެކަނި ވާހަކަދައްކާލެވޭނެގޮތެއް ނޯންނާނެތަ؟” އުނައިސްއަށް ނަޒަރު ހިންގާލަމުން ރުހައިލު ބުނެލިއެވެ. އެއާއެކު ފަސް އެނބުރި އުނައިސްއަށް ބަލާލާފައި އަރުފީނު ހިނގައިގަތީ ސިޑިއާ ދިމާއަށެވެ. އަދި ފަހަތަށް ރުހައިލަށް ބަލާލީ އޭނާގެ ފަހަތުން އަންނާށޭ ބުނާ ފަދަ ގޮތަކަށެވެ.
“އެރޭ ހިނގި ކަންތައްތަކުގެ ސަބަބުންތަ އަރުފީނު، ޔަލާގެ ގާތަށް ނާންނަން ތިއުޅެނީ؟ އެހެންވެތަ ތިވަރަށް އިގުނޯ ތިކުރަނީ” ބެލްކަންޏަށް ނިކުމެ އަރުފީނު ދޮރުދަމާލުމާއެކު ރުހައިލުގެ ސުވާލުތައް އޭނާއަށް އަމާޒުވެގެން ދިޔައެވެ. ބެލްކަނީގެ ދޮރުލައްޕާލެވިފައި ހުރުމުން އެ ތަނުގައި ދައްކާ ވާހަކަ ގޭތެރޭގައި ސިއްރުން ބަލަން ހުރި އުނައިސްއަށް ސާފުވާވަރެއްނުވިއެވެ. ނަމަވެސް އޭނާ ހުރީ އަރުފީނާއި ރުހައިލުގެ ހަރަކާތްތަކަށް ބަލާށެވެ. ފެންނަފެނުމަށް ރުހައިލު ހިތްހަމަނުޖެހި ހުރިކަން އުނައިސްއަށް ވެސް ފާހަގަކުރެވުނެވެ.
“އަހަންނަށް ތިގެއަށް ދެވެންނެތީ، ޔަލާގެ ސެޝަންތައް ކުރިއަށް ގެންދަން ކުއްޖަކު ފޮނުވާނަން މާދަން، ޔަލާ އެއްކޮށް ރަނގަޅުވަންދެން އޭނާ ދާނެ”
“އެހެންވީރު ފުރަތަމަ ދުވަހު ވެސް ނައިނަމަ، އެހެންމީހަކު ފޮނުވިނަމަ….”
“އަހަންނަށް ހަމަ ނާދެވިދާނެއެއްނު”
“ނާދެވެނީއެއްނޫން، އަނެއްކާ ވެސް ބޭނުންވަނީ އަހަންނާ ދުރަށްދާން، އެކަމަކު މިފަހަރު އެހެނެއްނުވާނެ… އެރޭ…. އެރޭ އަހަންނަށް އެނގުނު އަރުފީގެ ހިތުގައި ވަނީ ކީކޭކަން، ކޮންމެ މީހެއްގެ އަތުގެތެރޭގައި އަރުފީ ނުހުންނާނެކަން އަހަންނަށް އެނގޭ، އެކަމަކު އެރޭ ކުޑަ ވަގުތުކޮޅަކަށް ވިޔަސް ތިހިތުގައި ލޯބިވާކަން އިހުސާސްކުރެވުނު… ދެން ކީއްވެ ތިހެން ތިއުޅެނީ”
“ރުހައިލު… އެރޭ އެއީ ނޭނގުމެއްގައި ވީކަމެއް، ރުހައިލުގެ މަންމަމެން ބުނާހެން މީހަކާ އިންނަންވީ، އެރޭ ފެނުނީ ލޯބިކަމުގައި ހީކުރުން އެއީ އެންމެ ރަނގަޅުގޮތްތައް، ނޫނީ އެރޭ ފެނުނީ އެކަނިވެރިކަންތަ؟”
“އޯ ޝަޓްއަޕް…. ތިއަށްވުރެ ހަމަޖެހޭ ވާހަކައެއް ދައްކަބަލަ… އަހަރެން އަންހެނަކު ބޭނުންވެގެންނެއްނޫޅެން، އަހަރެން ހަމައެކަނި ބޭނުންވެފައިވަނީ އަރުފީނަށް… ތި އަރުފީނަށް… އެވަރު ނޭނގިއެއް މިހާރު ނޯންނާނެ” ރުހައިލު އައިސް ކުއްލިއަކަށް އަރުފީނުގެ ކޮނޑުގައި ދެފަރާތުން ހިފާލިއެވެ. އެވަގުތު ހީވީ ބިމުން މައްޗަށް އަރުފީނު ކުޑަކޮށް ނަމަވެސް އުފުލުނު ހެންނެވެ.
“އަހަރެން އެއްޗެއް ބުނެފިއްޔާ އެއީ ބޭކާރުވާހަކަ…”
“މައްސަލައެއްނެތް… އަހަރެން ބަލާނަން އަރުފީނަށް ތިގޮތްދޫނުކުރުމުގައި ކިހާ ދުވަހަކު ހުރެވޭތޯ…. އެކަމަކު ބުނަން، މިފަހަރު ޤުރުބާންވާންޖެހޭނީ އަރުފީނު… އެރޭ ހިނގާދިޔަ ކަންތައްތަކަކީ އެކަނިވެރިކަން އިހުސާސްވެގެން ކުރެވުނު ކަމެއްވިއްޔާ އަރުފީނު ވެސް އެކަމުގައި ހަމަހަމައަށް ބައިވެރިވޭ… އެހެންވީމަ އަހަންނަށްވުރެ ބޮޑަށް އަރުފީނު މީހަކާ އިނުމާމެދު ވިސްނުން މުހިއްމު، ހަނދާންވޭތަ އަހަރެން ދެވަނަ ކައިވެންޏެއް ކުރާނީ އަރުފީނު މީހަކާ އިނީމައޭ ބުނި ހަނދާން”
“މީހަކާ އިނުމަކީ އެހާ ފަސޭހައިން ކުރެވޭ ކަމެއްނޫނޭ… ކުރިން ވެސް ރުހައިލުގެ މައިންބަފައިން ރުހައިލަށްޓަކާ ހޯދީ ރަނގަޅުކުއްޖެއް، މިފަހަރު ވެސް އެމީހުން ހޯދާނީ ރަނގަޅުކުއްޖެއް” އަރުފީނަށް ރުހައިލާ ކުރިމަތިލައިގެން ހުރެ ވާހަކައެއް ނުދެއްކުނެވެ.
“މަންމަމެން ހޯދާ ކުއްޖަކާ އަހަރެން ކައިވެނިކުރާނަން، އެކަމާ މައްސަލައެއް ނުޖައްސަން، އެކަމަކު އަރަފީނުގެ ކައިވެންޏަށްފަހު… އަޑުއިވިއްޖެތަ… އަދި ބުނަން… އަރުފީނު އަހަރެންގެ ގެއަށް ޔަލާގެ ގާތަށް ޖެހޭނީ އަންނަން، އެހެންނޫނީ އަހަންނަށް ޖެހޭނީ މިގެއަށް އަންނަން، އަރުފީނުގެ ޢާއިލާ މީހުން އަހަރެން މިގެއަށް ވަންނާކަށް މަނައެއްނުކުރާނެ… އެކަން އެނގެއެއްނު…”
“ރުހައިލު….”
“މިއަދުން ފެށިގެން މީހަކާ އިންނަން ތައްޔާރުވޭ… އަރުފީނު އަހަރެންދެކެ ލޯތްބެއްނުވޭ، އެހެންވީމަ އެހެންމީހަކު ތިހަޔާތަށް ގެނައުމަކުން މައްސަލައެއްނެތް، އަހަރެންގެ ކިބައިން ސަލާމަތްވާނީ ވެސް އޭރުން، އެ ދުވަހަކުން އަހަރެން އަރުފީނަށް އުނދަގުލެއްނުކުރާނަން، މާދަމާ ހަވީރު އަހަރެން އަރުފީނަށް އިންތިޒާރުކުރާނަން”
“ތިހާބޮޑު ނިންމުމެއް ރުހައިލަކަށް ނުނިންމޭނެ…” ރުހައިލު ދިއުމަށްޓަކައި އެނބުރިލި ވަގުތު އަރުފީނު ބުނެލިއެވެ.
“އިތުރުވާހަކައެއް އަހަރެން އަޑުއަހާކަށް ބޭނުމެއްނޫން، ވަރަށް ދުވަހު އަރުފީނު ބޭނުންވާގޮތަށް ނިންމަން ވަގުތުދީގެން އަހަރެން ހުރެފިން، ގުރުބާންވުމަކީ ހަމައެކަނި އެއްފަރާތަށް އޮންނަކަމެއްނޫން… މިހާރު އަހަރެން މިހިރީ މަޑުމަޑުން އަރުފީނަށް ދޫކޮށްގެން ހުންނަ ގޮތަކަށް ނޫން، އަހަރެން ބޭނުންވާގޮތަށް ކަންތައް ނުވާނަމަ ދެންކަންތައް ކުރާންވީ ގޮތް ވެސް މަށަށް އެނގޭ… މާދަމާ ހަވީރު…އަހަރެންގެ ގެއަށް…” ހަރުކަށިގޮތަކަށް ރުހައިލު މިހެން ބުނެލާފައި އައިސް ބެލްކަނީގެ ދޮރު ހުޅުވާލިއެވެ. އެއާއެކު އުނައިސް ދުވެ ގޮސް ފިލައިފިއެވެ. މީހަކު ފެންނަން ނެތުމުން ފުރުޞަތުގެ ބޭނުން ހިފާ ރުހައިލު އެގެއިން ނިކުމެގެން އަވަހަށް ހިނގައްޖެއެވެ.
މީހަކު އައިސް އަރުފީނުގެ ފުރަގަހުން ކޮނޑުގައި އަތްޖައްސާލުމާއެކު އަރުފީނު ދިޔައީ ސިއްސައިގެންނެވެ. އަވަހަށް އެއަތް ފޮޅުވާލުމާއެކު ކުރިއަށް ދެމިގަންނަމުން ކާކުތޯ އަރުފީނު ބަލާލިއެވެ.
“ރުހައިލު އެ ދިޔައީ ރުޅި އައިސްގެން ދޯ…” އުނައިސް އަހާލިއެވެ. އެއާއެކު އަރުފީނު އިސްޖަހާލަމުން ބޯޖަހާލިއެވެ.
“ތިކަން ދެން ހުއްޓަންވެއްޖެއެއްނު، އެގޮތަށް ކިތަށްފަހަރު ރުހައިލު އަރުފީނުގެ ގާތަށް އަންނަންދެންތަ ތި މަޑުކުރަނީ، އަރުފީނު، ދިސް އިސް ޓޫ މަޗް ނައު… ޖަސްޓް ސްޓޮޕް އިޓް… ރުހައިލުގެ އަތުންފައިން ގޯހެއް ނުހަދަނީސް ތިކޯޅުން ނިންމަން އުޅޭ، ހަޤީޤަތުގައި ރުހައިލު ވަރަށް ކެއްތެރި، އޭނާ އަރުފީނަށް ވަގުތު ދީފި، މިހާރު ވެސް އޭނާ އެހުރީ އަރުފީނު ބޭނުންވެފައި، ހުރިހާކަމެއް އޭނާއަށް ކިޔައިދީ މިކަމަށް ނިންމުމެއްގެންނަން އުޅޭ… އެހެންނޫނީ އަރުފީނުގެ މުޅި އުމުރު ހުސްވިޔަސް ފޫނުބެދޭނޭވަރުގެ ފިޔަވަޅެއް އަޅަންޖެހިދާނެ…”
އުނައިސްގެ ވާހަކައިން އަރުފީނުގެ ހާސްވެފައިވާ ސިކުނޑިއަށް އިތުރަށް އުނދަގޫވިއެވެ. ތުންފަތަށް ގޮތެއް ހަދާލަމުން އަޑެއް ލައްވާލާފައި ހަލުވިކޮށް އެތަނުން ގޮސް ގެއްލުނެވެ.
ނިކަން ބާރަށް ދޮރުލައްޕާލާފައި ކޮޓަރިއަށް ވަން ރުހައިލު ބޮލުގައި ހިފަހައްޓާލައިގެން އެނދުގައި އިށީނދެ އިނެވެ. ބޮޑުކޮޓަރީގައި އިން މަލީކު އާއި ޝާރުދާގެ އަޑަށް ވެސް މަޑުކުރުމެއްނެތި ރުހައިލު ދިއުމުން އޭނާގެ ފަހަތުން ޝާރުދާ އައެވެ. ރުހައިލަށް ވެފައި ހުރި ގޮތް އޭނާގެ ހަރަކާތްތަކުން ކޮންމެވެސް ވަރަކަށް ޝާރުދާއަށް ނަގައިގަނެވުނެވެ. ދަރިފުޅު އެކަނިވެލުމަށް ވަގުތު ދޭންވީބާއޭ ހިތަށް އަރާ، ދެ ޚިޔާލެއްގައި ހުރެ މަޑުމަޑުން އައިސް ރުހައިލުގެ ކޮޓަރީގައި ޝާރުދާ ޓަކި ދިނެވެ.
“މީ މަންމައޭ، ވަންނަންތަ” ދޮރު ހުރީ ތަޅުނުލާކަން އެނގުމުން ޝާރުދާ އަހާލިއެވެ.
“މި ނިކުންނަނީ” ރުހައިލު މޫނުގައި ދެއަތްތިލަ ހާކާލުމާއެކު އަތްފުނާ އަޅާލަމުން އިސްތަށިގަނޑު ރީތިކުރަމުން އައިސް ދޮރު ހުޅުވާލިއެވެ. އެ މޫނުގައިވާ ހާސްކަން ފޮރުވާލައިގެން ހުރެއެވެ.
“ދަރިފުޅު ހާސްވާވަރުގެ ކަމަކާ ދިމާވީތަ؟ އަނެއްކާ އަރުފީނު… އެކުއްޖާގެ ހާލު ގޯސްވީތަ؟” ޝާރުދާއަށް ވެސް ރުހައިލު ދިޔައީ އަރުފީނުގެ ޚަބަރެއް ބަލަންކަން އެނގޭތީވެ އަހާލިއެވެ.
“މާދަން އަރުފީނު އަންނާނެ… މަންމާ، އޮފީސްކަމަކު ފަރުހާނުއާ ބައްދަލުކޮށްލާފައި އަޅުގަނޑު އެބަ އަންނަން، ޔަލާ ނިދަންވާއިރަށް އާދެވޭތޯ ވަރަށް މަސައްކަތްކުރާނަން”
“ހާސްނުވޭ، މަންމަ ޔަލާގެ ކަންތައް ކޮށްލާނަން، ބައްޕަ ވެސް އިންނެވީ ވަރަށް ކަންބޮޑުވެލައްވާފައި، ދަރިފުޅު އެހީއެއް ބޭނުންވަންޏާ ބައްޕަ ގާތު ވެސް ބުނެލައްޗޭ..”
އެކަނިވެލުމަށް ބޭނުންވެފައި ހުރި ރުހައިލު ބަހަނާއެއް ދައްކާލުމަށްފަހު އެއްޗެހި ބަދަލުކޮށްލައިގެން ގެއިން ނިކުތެވެ. އާންމުކޮށް ކޮފީ ބުއިމަށް އަރާ އިންނަ ރެސްޓޯރެންޓުގެ މޭޒެއްގެ ދޮށުގައި ރުހައިލު އިނީ ސިކުނޑިއަށް ހަމަޖެހުމެއް ހޯދުމުގެ ބޭނުމުގައެވެ. އަމިއްލަ ދިރިއުޅުމާމެދު ވިސްނާ ފިކުރުކުރުމުގައެވެ. ދެ އިނގިލިން ސިނގިރޭޓު ހިފަހައްޓާލައިގެން އިންއިރު އަނެއްއަތުގެ އުޅަންބޮށި މޭޒުގައި ވިއްދާލައިގެން އެ އަތުގައި ދަތްދޮޅި އަޅުވާލައިގެން ދުރަށް ނަޒަރު ހުއްޓާލައިގެން އިނެވެ. ކައިރީގައި ހުރި މޭޒެއްގެ ދޮށުގައި ތިބި އަންހެން ގުރޫޕެއްގެ ހުނުމުގެ އަޑުފަށްގަނޑުން މުޅި ތަން ގުގުމާލާފައި ވިޔަސް ރުހައިލަށް އެކަމުން އުނދަގުލެއްނުވެއެވެ. އެއަށްވުރެ ބޮޑަށް އަމިއްލަ ޚިޔާލުތަކުގެ ތެރެއަށް އޭނާ އިނީ ގެއްލިފައެވެ. އެހެން އިނދެފައި ކުއްލިއަކަށް މޭޒުމަތީ އޮތް ފޯނަށް ބަލާލިއެވެ. ފަރުހާނުއާ ބައްދަކުރުމުގެ ޝައުގުވެރިކަން ފުރަތަމަ ނެތް ނަމަވެސް އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔަ ޚޔާލުތަކުގެ ތެރެއިން އައު ޚިޔާލެއްގެ ކުރިފެޅި ކަހަލައެވެ. ފޯނުން ފަރުހާނަށް ގުޅާލާފައި ކޮފީގައި ބައިވެރިވުމަށް ދަޢުވަތު ދިނެވެ.
“ވިއްސާރައެއް ވެސް ނޫންތަ؟ ހާދަހާ ރަނގަޅު ގުރޫޕެއް ކައިރިކޮށްލައިގެން ތިއިނީ…” ފަރުހާނު އައިސް ރުހައިލުގެ ކުރިމަތީ ހުރި ގޮނޑީގައި އިށީންނަމުން ކައިރީގައި ތިބި އަންހެންކުދިންނަށް އިޝާރާތެއްކޮށްލިއެވެ.
“އަހަރެން އައިއިރު ވެސް މިތާނގަ އެމީހުން ތިބި… ހީވަނީ ކޮންމެވެސް ކުއްޖެއްގެ އުފަންދުވަސް ފާހަގަކުރަން އައިސްހެން އެ ތިބީ” ކުޑަކޮށް ހިނިތުންވެލަމުން ރުހައިލު ބުނެލިއެވެ. އެހެންނަމަވެސް އޭނާ ފަރުހާނަށް ވަރަށް ފުންނަޒަރަކުން ބަލަމުން ދިޔައެވެ.
“ފަރުހާނު، އެނގޭ ދޯ ތީ އަހަރެން ވަރަށް އިތުބާރުކުރާ މީހެއްކަން”
“އިތުބާރުކުރުން އޮތީ ރުހައިލުގެ އަތްމަތީގައި، އަހަރެން އެއްވެސް އިރަކު މީހަކަށް އޮޅުވާލާ މަކަރު ހަދާފައެއް ނޯންނާނެ…” ލުއި ހީނލުމަކާއެކު ފަރުހާނު ބުނެލިއެވެ.
“އެހެންވީރު ބުނެބަލަ، އަހަންނަށް ކިހާ ވަރަކަށް ފަރުހާނު އިތުބާރުކުރަން”
“ތީ އަޖައިބެއްކަހަލަ މީހެއް، އަރަތެއްހެން ވާހަކަނުދައްކާ ނިކަން ބުނެބަލަ، ކިހިނެއްތަވީ؟ އަހަރެން ކުރިން ވެސް ބުނިންދޯ ރުހައިލަކީ މިހާރު އަހަރެން އެންމެ އިތުބާރުކުރާ އެންމެގާތް ރަޙުމަތްތެރިޔާއޭ… އެކަން ޤަބޫލުނުކުރެވެނީތަ؟”
“އެހެނެއްނޫން، ފަރުހާނު… މާދަމާ ހަވީރު އަންނަންވީނު އަހަރެންގެ ގެއަށް”
“އަނެއްކާ ގޭގައި ކަމެއް އޮތީތަ؟”
“ވަކި ޚާއްޞަކަމެއްނެތް، އެކަމަކު ރަޙުމަތްތެރިއަކަށް ގެއަށް އައުމަށް ދަޢުވަތު ދިނުމަކީ އެގުޅުން އިތުރަށް ބަދަހިވާނޭކަމެއްނު، އެހެންވީމަ ބުނެބަލަ، އަންނާނަންތަ؟”
“ޝުއަރ، ވައި ނޮޓް…. ބޮސްވިއްޔާ…” ފަރުހާނު ހިނިގަނޑެއް ޖަހާލިއެވެ.
“ގާތްގަނޑަށް ފަހެއް ޖަހާލާކަން ހާއިރު އައިމަ ރަނގަޅުވާނެ… އަންނައިރު އެއްކަލަ ނޫފައިލު ހިފައިގެން އަންނާނީ، މި ހިތަށް އެރީ ގޭގައި ތިބެއޭ އެކަމާ މަޝްވަރާކޮށްލާނީ، އަބަދު އޮފީހުގައި އުޅޭތީ މަންމަ ވެސް ވަރަށް ޝަކުވާކުރޭ”
“ތީ ވަރަށް ރަނގަޅު ޚިޔާލެއް، މިހާރު ޔަލާ ކިހިނެއްތަ؟”
“މިހާރު ރަނގަޅު، އެއީ ކުއްލިއަކަށް އެރި ތަދެއް، ބޭސްއުނގުޅަންފެށީމަ އެއްކޮށް ތަދު ރަނގަޅުވެއްޖެ، އެކަމަކު އަދިވެސް އުޅެނީ ފައިގަ ބެންޑޭޖު އޮޅައިގެން… މީހަކަށް ގެއަށް ނުވަދެވޭނެ އެ ފައި ނުދައްކާނެކަމަކަށް…” ހިނިއައިސްފައި އިނދެ ރުހައިލު ބުނެލިއެވެ. އެހިނދު ފަރުހާނު ވެސް ހީނލިއެވެ.
* * * *
ޖެހިގެން އައި ދުވަހުގެ މެންދުރުގެ ވަގުތެވެ. އަރުފީނު އޭނާގެ ކެބިންގައި އިންއިރު ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓާލައިގެން އިނެވެ. ވެހެމުން ދިޔަ ވާރޭގެ ތިކިތައް ކުޑަދޮރުގެ ބިއްލޫރިގަނޑުން ރޮނގު ހަދާލާފައި ފައިބައިގެން ދެއެވެ. އެމަންޒަރަށްވުރެ އަރުފީނުގެ ހިތާ ސިކުނޑިވަނީ ހާސްވެ ކަންބޮޑުވެފައެވެ. ރުހައިލުގެ ވާހަކަތަކުގައި ހުރީ އިންޒާރު ދިނުމުގެ އަސަރެވެ. އޭނާ ޖެހިލުމެއްނެތި ކޮންމެ ކަމެއް ވެސް ކޮށްފާނެއޭ އަރުފީނުގެ ހިތަށް އަރަނީއެވެ. އަތުކުރީ އޮތް ގަޑިއަށް ބަލާލުމާއެކު ފާރުގައި ހުރި ގަޑިއަށް ވެސް ބަލާލެވުނެވެ. ހީވީ ކޮންމެވެސް އެއްގަޑިއެއް އޭނާއާއަށް އޮޅުވާލަން މަސައްކަތްކުރާތީ ޔަޤީންކޮށްލީ ހެނެވެ. ވަގުތު މާ އަވަހަށް ހިނގާހެން ހެން ހީވަނީއެވެ.
އުނައިސްގެ ފޯނު ކޯލާއެކު މޭޒުމަތީ އޮތް ފޯނު ވައިބްރޭޓުވާންފެށިއެވެ. އެއަޑަށް ޚިޔާލުތަކުން ބޭރަށް އަރުފީނަށް އާދެވުނެވެ. އަދި ފޯނު ނަގާ ބަލާލިއެވެ.
“ހެލޯ… އަރުފީ… މީނީ ބޭރުގަ، އާދޭ އަވަހަށް” އުނައިސް ބުނެލިއެވެ.
“ހާދަ އަވަހަކަށް ތިއައީ…”
“އަވަސްތަ؟ ފަހެއްޖަހާއިރަށް އަންނާކައްނު ބުނީ، މިހާރު ފަހެއް ވެސް ޖަހައިފި” އުނައިސް މިހެން ބުނެލުމާއެކު އަރުފީނު ޔަޤީންކޮށްލިއެވެ.
“އޯ! ފަހެއްޖަހައިފި ދޯ… މި ނިކުންނަނީ…”
ގޮނޑި ތެދުވުމާއެކު އަތުގައި ފޯނުން ޖަހާލެވުނެވެ. އަދި ފޫހި ގޮތަކަށް އަނގައިން އަޑެއް ލައްވާލުމާއެކު މޭޒުގެ ތިރީ ވަތްގަނޑު ހުޅުވާލާފައި ދަބަސް ނެގިއެވެ. އަދި ބޭނުންވާ ސާމާނުތައް ދަބަސް އަޅާލުމާއެކު އޮފީހުން ނިކުންނަން ހިނގައިގަތެވެ.
އުނައިސްގެ ކާރު ފެނުމުގެ ކުރިން އަރުފީނަށް ބަލާލެވުނީ އުޑުމައްޗަށެވެ. ބޯވިލާތަކުން އުދަރެސް ބައްދާލާފައި އޮތްއިރު ތުނިތުނިކޮށް ވާރޭ ވެހެމުންދިޔައެވެ. ދައުރުވަމުންދިޔަ ބާރުވައިރޯޅިތަކުން ހީވަނީ ބިމުގައި އެއްވެސް އެއްޗެއް ހަރުލިޔަ ނުދޭން އުޅޭހެނެވެ. އެއްފަރާތަށްވާ ގޮތަށް ގަތާލާފައި އޮތް އިސްތަށިގަނޑުގައި އަރުފީނަށް އަތްޖައްސާލެވުނީ ބޭއިޚްތިޔާރުގައި ކަހަލަ ގޮތަކަށެވެ. އަވަސް އަވަހަށް އުނައިސްގެ ކާރު އޮތް ދިމާއަށް ބަލާލަމުން ކުޑަކޮށް ދުވެލާފައި އައިސް ކާރަށް އެރިއެވެ.
ރުހައިލުމެންގޭ ދޮރުމައްޗަށް އަރުފީނު ފޭބުމުން އުނައިސް އޭނާގެ ކާރު ދުއްވާލިއެވެ. ދުވާރުމަތީ ކާރުގޮސް އޮބާލަންދެން ހުރެފައި އެނބުރި ގޭޓުން އެތެރެއަށް ވަންނަން ދިޔަ ވަގުތު ކޯޓެއްލައިގެން ހުރި މީހަކު ވަދެގެން ދާތަން ފެނުނެވެ. އިސްކޮޅުން ދިގު ފުރިހަމަ ހަށިގަނޑެއް ލިބިފައިވާ މީހަކު ކަން ފަހަތުން ވެސް ވަކިކުރަން އެނގޭހާވެއެވެ. އޭނާގެ ފަހަތުން މަޑުމަޑުން އަރުފީނު އައެވެ. ރުހައިލުއަށް ވެދާނޭބާއޭ ހިތަށް އަރައަރާ ހުރެއެވެ. ކުއްލިއަކަށް އެމީހަކު ހުއްޓުމުން އަރުފީނަށް ވެސް ސިހުންލިބި ހުއްޓެވުނެވެ.
ކުއްލިއަކަށް އެ ޒުވާނާގެ ބޮލުގައި އަޅުވާލާފައި އޮތް ކޯޓުގެ ބައި ފަހަތަށް ވައްޓާލުމާއެކު އަރުފީނުގެ މޫނަށް އޭގައި ހަރުލާފައި ހުރި ފެންތިކިތައް ބުރައިގެން ދިޔައެވެ.
“އެކްސްކިއުޒްމީ….” ރީތި އަންހެންވަންތަ އަޑެއް އިވުމާއެކު ކުއްލިއަކަށް އެ ޒުވާނާ އެނބުރި ބަލާލިއެވެ.
“ސޮރީ….” މީގެ ކުރިން އަރުފީނު ނުދެކޭ ޒުވާނާއާ ހަތަރުކަޅި ބައްދަލުވިއެވެ. މަޑުފެހިކުލައަކާއި އޮރެންޖުގެ ކުލައެކުވެފައިވާ ހޭޒަލް ކަޅި އަރުފީނަށް ހުއްޓިފައި ހުރިއިރު އެ ދެ ލޮލުގައި ރޫހާ ހަމައަށް އަސަރުކުރުވާ ފަދަ ބާރެއް އެކުލެވިފައި ވެއެވެ. ނަމަވެސް އަރުފީނު އަވަސް އަވަހަށް އިސްޖަހާލިއެވެ. ހިތުގައި އެއީ އެ ޒުވާނާއާމެދު ސުވާލު އުފެދިފައި ހުރެއެވެ. އެއްފަރާތުން ކުރިއަށް އަރައިގެން ގޮސް އަރުފީނު ފޯޓިކޯގެ ހަރުފަތްތައް ގިރާކޮށް ބޮޑުކޮޓަރިއަށް ވަންނަން ދެން އެ ޒުވާނާ ބަލަން ހުރިކަން ލޮލުގެ ހިމަކޮޅުން ސިއްރުން ބަލަމުން ދިޔަ އަރުފީނަށް އެނގުނެވެ.
އަރުފީނު ފެނުމުން ސޯފާގައި ޔަލާއާއެކު އިން ރުހައިލަށް ތެދުވެވުނީ ކުއްލިއަކަށެވެ. އެހިނދު ޔަލާގެ ލޮލުގައި ވެސް އަރުފީނު އަޅައިގަތެވެ. އެކުއްޖާ ދުވެފައި އައިސް އަރުފީނުގެ ފައިކޮޅުގައި ބައްދައިގަތެވެ. ވަގުތުން އަރުފީނުގެ މޫނުގެ ކުލަވަރު ބަދަލުކޮށްލިއެވެ. ހިނިތުންވެލަމުން ޔަލާ އުރާލަމުން އެކުއްޖާއާ ވާހަކަދައްކަން ފެށިއެވެ. އަރުފީނު ނުފެނިގެން ޔަލާ ޝަކުވާކުރަން ފެށިއެވެ. ޔަލާ ހަމައަކަށް އެޅުވުމަށް ވާހަކަދައްކަމުން ކާކޮޓަރިއާ ދިމާއަށް އަރުފީނު ހިނގައިގަތެވެ.
“ރުހައިލު….” ހުރިހާ މަންޒަރެއް ބަލަން ބޮޑުކޮޓަރީގެ ދޮރުމަތީ މަޑުކޮށްލައިގެން ހުރި ފަރުހާނު ގޮވާލީ އެތަނުން އަރުފީނު ގޮސް ގެއްލުމުންނެވެ.
“ތި އައީ ދޯ… އަހަރެން ހީކުރީ ވިއްސާރަކަމުން ނާދެވުނީކަމަށް، އެހެންވެ ނުގުޅަން މިހިރީ”
“މިހާރު އޮތީ ތުނިކޮށްލާފައި، ހައްތަހާ ވެސް ކާރުގައި ނާންނަންވެގެން، ނުދުއްވާތާ ގިނަ ދުވަސްވީމާ އެހާ ފަރިތައެއް މިހާރު ނުވާނެ…. މިއައީ ފައިލް ވެސް ހިފައިގެން” ފަރުހާނު ލައިގެން ހުރި ކޯޓުގެ ޒިބު ތިރިކޮށްލަމުން ކޯޓުގެ ތެރޭ ފޮރުވާލާފައި އޮތް ނޫކުލައިގެ ފައިލު ނަގާ ދިއްކޮށްލިއެވެ.
“ވަރުޝާ… ވަރުޝާ…. މީ އަހަރުމެންގެ ގަސްޓެއް، އޭނާގެ ކޯޓު އެފަރާތަށް ގެންގޮސް، އަހަރުމެންނަށް ކާކޮޓަރީގައި ހޫނު ކޮފީ ތައްޔާރުކޮށްދީ” ރުހައިލުގެ އަޑަށް ކާކޮޓަރީގައި އުޅުނު ވަރުޝާ އައިސް ހުއްޓުމުން އޭނާއަށް ބުނެލިއެވެ.
“އެއީ ކޮންކުއްޖެއްތޯ އަހާލެވިދާނެތަ؟” ފަރުހާނުގެ ކޯޓު ހިފައިގެން ވަރުޝާ ދިއުމުން ފަރުހާނު އަހާލިއެވެ.
“އެއީ… އެއީ މިގޭ ސަރވަންޓެއް، ކިހިނެއްވީ؟ ފަރުހާނު ދަންނަނީތަ؟” ރުހައިލު ސަމާސާ ގޮތަކަށް ބުނެލިއެވެ.
“ސާބަސް، ދެންމެ އެ ދިޔައީ މިގޭ ގެންގުޅޭ މީހެއްކަން މަށަށް ކުރިން ވެސް އެނގެޔޭ، އޭނާގެ ވާހަކައެއްނޫނޭ މިއެހީ… އޭގެ ކުރިން ވަދެގެން އެ ދިޔައީނު ހިމަތޮޅި އަންހެންކުއްޖެއް… ރުހައިލުގެ ދަރިފުޅު އުރާލައިގެން” ފަރުހާނުގެ ވާހަކައިން ރުހައިލުގެ ހިތްއަވަސް ކުރުވިއެވެ.
“އޭނަ ކިހިނެއްވީ؟ އެއީ ޔަލާގެ ތެރަޕިސްޓު…”
“ހަމައެކަނި ތެރަޕިސްޓުތަ؟ ރުހައިލު ބަލަން ހުރި ގޮތުން ހާދަ ހީވެޔޭ އޭނާ ތެރަޕީ ދެނީ ޔަލާއަށް އެކަނި ނޫންހެން”
“ހެ ހެ ހެ… ޝީޒް އަ ފްރެންޑް”
“އަ ފްރެންޑްތަ…. ނޫނީ އެއަށްވުރެ ގާތްތައް”
“އޯކޭ އޯކޭ… ކުލޯޒް ފްރެންޑެއް” މިހެންބުނެ ފަރުހާނަށް ރުހައިލު ބަލާލީ ވަރަށް ފުން ނަޒަރަކުންނެވެ. ހިތުގައި ކަމެއް ފޮރުވަމުންނެވެ. އޭނާގެ ފަރުހާނު އެގެއަށް ގެނައުމުގައި އިތުރު އެޖެންޑާއެއް ރުހައިލުގެ ސިކުނޑީގައި ވާ ކަހަލައެވެ.
“ޔަލާގެ ސެޝަން ކުރިއަށްދާނީ ކާކޮޓަރީގެ މޭޒުދޮށުގައި، އަހަރުމެން ތިބޭނީ މޭޒުގެ އަނެއްކޮޅުގައި، އެމީހުންނަށް އުނދަގުލެއްނުވާނެ” ފަރުހާނަށް ކަންތައްކުރަންވީ ގޮތް ކިޔައިދޭ ފަދަ ގޮތަކަށް ރުހައިލު ބުނެލިއެވެ.
ރުހައިލު އާއި އެއްކޮށް ކާކޮޓަރިއަށް ވަދެގެން އައި ފަރުހާނަށް އަރުފީނަށް ބަލާލެވުނެވެ. މިފަހަރު ވެސް ފަރުހާނުގެ ލޮލުގައި އަރުފީނު އަޅައިގަތެވެ. ފަހަތުން އިސްތަށިގަނޑު ތުނިކޮށްލާފައިވާއިރު ނިތްކުރިމައްޗަށް ކޮޅުތެމިފައި ހުރި އިސްތަށިތައް ވެރި އޭނާގެ ވަރުގަދަ ބުމައިގެ ބައެއް ފޮރުވާލާފައި ވެއެވެ. ދެ ކޮލާ ދިމާލުން ކުޑަކޮށް އަޑިއަށް ގޮސްފައިވާއިރު ތުނިތުނިކޮށް ހުރި ތުނބިމަތިމަހާއެކު ވެސް ދަތްދޮޅީގައި ހުރި އަޑިކޮޅު ފާހަގަކުރެވެއެވެ. ދޫޓީޝާޓުގެ ތެރެއިން ވެސް ކަސްރަތީ ހަށިގަނޑެއް ދެނެގަންނާކަށް އުނދަގުލެއް ނޫނެވެ. ރުހައިލު، ފަރުހާނުގެ ބުރަކަށީގައި ކުޑަކޮށް ޖަހާލުމާއެކު ލުއި ހިނިތުންވުމެއް އަރުފީނާ ބަދަލުކޮށްލާފައި ކުރިއަށް ހިނގައިގަތެވެ. އެހިނދު އަރުފީނުގެ ނަޒަރު ހުއްޓުނީ ރުހައިލަށެވެ. ހިތުގައި އެތައް ސުވާލެއް އުފެދެން ފެށިއެވެ. ރުހައިލު ބޭނުމަކީ ކޮބާކަމާމެދު އަރުފީނުގެ ޟަމީރު ކަންބޮޑުވާން ފެށިއެވެ.
ޔަލާއަށް އެހީތެރިވަމުން އަރުފީނު ދިޔައިރު އެތަނުގައި މޭޒުގެ އަނެއްކޮޅުގައި ރުހައިލު އިނުމުން އަރުފީނަށް އުނދަގޫވިއެވެ. ދޭތެރެއަކުން ރުހައިލަށް އޭނާ ބަލާލައެވެ. ހަމައެގޮތަށް ފަރުހާނު ވެސް އިރުއިރުކޮޅާ އަވަސް ނަޒަރެއް އަރުފީނަށް ދެމުން ދިޔައެވެ.
“ބްލެކް ބިއުޓީ… ރުހައިލު، ޝީޒް އަ ބްލެކް ބިއުޓީ…” ފަރުހާނު ލުއި ގޮތަކަށް ހީނލާފައި ރުހައިލުއާ ގާތަށް ޖެހިލާ ސިއްރުން ބުނެލިއެވެ. ފަރުހާނާ އެއްބަސްވުމުގެ ގޮތުން އަރުފީނަށް ބަލަން އިނދެ ރުހައިލު ބޯޖަހާލިއެވެ.
“ހާދަ ހީވެޔޭ މިގަޑީގައި އަހަރެން ތިގެނައީ އޭނާ ދައްކަންހެން، އެހެންނަމަ އަހަންނަށް އެއީ ކާކުކަން ބުނެދޭންވީނު…” ފައިލަށް ބަލަހައްޓައިގެން އިނދެ ފަރުހާނު ބުނެލިއެވެ.
“އަދި އެހާ އަވަސްއަރުވާލާކަށްނުވެއެއްނު”
“މައްސަލައެއްނެތް، ރުހައިލު ބޭނުންވިއިރަކުންތާ އެކަން ވާނީ، އެހެންވިޔަސް އޭނާ ހާދަ ވަރަކަށޭ ރުހައިލަށް އެބަލަނީ”
“ވެދާނެއެއްނު ފަރުހާނު އިނީމަ ކަމަށް”
“ތިހެން ވެސް ވެދާނެ، މިގެއަށް ވަދެގެން އައިއިރު އަހަރެންގެ ކޯޓުގައި ހުރި ފެންތައް ނޭނގުމެއްގެ ތެރޭ ފަހަތަށް ފޮޅާލެވުނީ، އެވަގުތު އަންހެންކުއްޖެއްގެ އަޑު އިވިގެން ބަލާލިއިރު ހުރީ މޭޒުގެ ކޮޅުގައި އޭނދަ ބްލެކްބިއުޓީ”
“އެހާ އަވަހަށް އޭނާއަށް ގޯނާއެއް ކޮށްލީ ދޯ”
“ނޭނގުމުގެ ތެރޭން ވެސް އެއީ ގޯނާއަކަށްވަންޏާ އަހަންނަށް އެކަން ކުރެވިއްޖެ” ފަރުހާނު މިހެން ބުނެ ހީނލުމުން އެ ހުނުމުގައި ރުހައިލު ވެސް ބައިވެރިވިއެވެ. މި މަންޒަރު ސިއްރުން ބަލަން އިން އަރުފީނުގެ ހިތް އަވަސްކުރުވިއެވެ. ކުރިއަށްވުރެ ބޮޑަށް މޫނު އަނބުރާލަމުން ޔަލާއަށް ކާޑުތަކެއްގައި ހުރި އަކުރުތަކެއް ކިޔައިދޭން މަސައްކަތްކުރިއެވެ.
މޭޒުގެ އަނެއްކޮޅުގައި ތިބި ރުހައިލު އާއި އޭނާގެ ރަޙުމަތްތެރިއާގެ ހަރަކާތްތަކަށް ސަމާލުކަން ނުދީ ވޭތޯ އަރުފީނު މަސައްކަތް ކުރަމުންދަނިކޮށް އެތަނަށް ޝާރުދާ އައިސް ވަނެވެ. އޭނާއަށް އަރުފީނު ފެނުމާއެކު އަވަސް އަވަހަށް އައިސް އަރުފީނުގެ ބުރަކަށީގައި ފިރުމާލާފައި މިހާރު ހާލު ކިހިނެއްތޯ އަހާލިއެވެ. އަދި ޔަލާގެ ގާތުގައި ބަސްއަހައިގެން ކިޔަވަން ބުނެފައި ދެން އެނބުރިލީ ރުހައިލުއާ ދިމާއަށެވެ.
“ފަރުހާނު… ހާދަ ދުވަހެއްފަހުންނޭ މިފެނުނީ، ކިހިނެއްތަ ހާލު” ޝާރުދާ ވާހަކަދައްކަމުން އައިސް މޭޒުގެ މެދެއްހާ ހިސާބުގައި ހުރި ގޮނޑީގައި ހިފަހައްޓާލިއެވެ.
“ރުހައިލު ދަޢުވަތު ދެއްވީމާ ނޫންތޯ އަޅުގަނޑަށް އާދެވޭނީ….”
“ރުހައިލުގެ މުޅި ދިރިއުޅުމަކީ މިހާރު އޮފީސް، އެކަމަށް ފާޑުކިޔާވަރުން ކަންނޭނގެ އެންމެ އެއްކޮށް އުޅުނު ފަޒަލްއާ ވެސް މިހާރު މާބޮޑު ގުޅުމެއް ނުބާއްވަނީ، ދެން ހުރީ ފަރުހާނު… ފަރުހާނާއެއްކޮށް އުޅެނީ އޮފީސްގެ މަސައްކަތާ ހެދި…. އެހެންވީމަ އޭނާއަށް ކިހިނެއް އުފާކޮށްލާ ހިތްހަމަޖައްސާލަން ރަޙުމަތްތެރިންނާއެކު އުޅެން ވަގުތުވާނީ”
“ނޫނޭ އާންޓީ، ރުހައިލުގެ ހުރިހާ ވެސް މީހަކީ މިހާރު ޔަލާ… އޮފީހުގައި ގިނަ ވަގުތު މަސައްކަތްނުކޮށް ކިހިނެއް ކުރިއެރުންތައް ހޯދާނީ، ރުހައިލުގެ އޮފީހަކީ އަދި އިހަކަށް ދުވަހު ފަށައިގަނެގެން އުޅޭ މަސައްކަތެއްވީމާ ވަރަށް ބުރަކޮށް އުޅެގެން ރަނގަޅު ފެންވަރެއްގެ ތަނަކަށް އެތަން ހެދޭނީ…”
“އޭރު ވެސް ހީވިޔޭ ފަރުހާނު ހުންނާނީ ރުހައިލާ އެއްކޮޅަށޭ، ކަލޭމެން ދެމީހުން ތިތިބީ އެއްބަސްކިޔައިގެން އަލުން ދިރިއުޅުމެއް ނުފަށަން ގަސްދުކޮށްގެން، ދެން ތިވާހަކަ ބާއްވާފައި ބުނެބަލަ… މިހާރު ސައިފޮދެއް އެއްޗެއް ރުހައިލު ދީފިތަ”
“މިހިރީނު ކޮފީ… މަސައްކަތުގައި އުޅޭއިރު އަދި ވަކިން މިކަހަލަ ފިނި ދުވަހަކު ހޫނު ކޮފީއެއްނު އެންމެ މުހިންމު ވާނީ”
މޭޒުމަތީ ހުރި ދެ ކޮފީ ޖޯޑަށް ބަލާލާފައި ޝާރުދާ ހިނިތުންވެލިއެވެ. އަދި އަރުފީނާ ދިމާއަށް އެނބުރިލާފައި ސައިބޮއެގެން ނޫނީ ނުދިއުމަށް އެދިފައި ކާކޮޓަރިން ޝާރުދާ ނިކުމެގެން ވަރުޝާއަށް ގޮވަމުން ގޮސް ގެއްލުނެވެ.
ޔަލާއަށް ނަގައިދޭން ހަމަޖެހިފައި އޮތް ސެޝަން ނިންމާލުމަށްފަހު އަރުފީނު އޭނާގެ ދަބަސް ކޮނޑުގައި އަޅުވާލައިގެން ތެދުވީ އެތަނުން ދިއުމަށެވެ. އެވަގުތު ޔަލާ އައިސް އަރުފީނުގެ އަތަށް ދަމާލަމުން އެހާ އަވަހަށް ނުދިއުމަށް އެދުނެވެ. އޭނާއާއެކު އަރުފީނު ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވީއެވެ. އަރުފީނަށް އެވަގުތު ބަލާލެވުނީ ރުހައިލަށެވެ.
“މަންމަ އެ ދިޔައީ ސައިބޮއެގެންދާން އެދިފައި” އަރުފީނު ބަލާލުމުން ޔަލާ ހުއްޓުވުމުގެ ބަދަލުގައި ރުހައިލު ބުނެލިއެވެ. އެއްވެސް އެއްޗެސް ނުބުނެ ޔަލާގެ އަތުގައި ހިފައިގެން އަރުފީނު ހިނގައިގަތީ ބޮޑުކޮޓަރިއަށް ދިއުމަށެވެ.
“އަހަރެން އަތުގައި މިފައިލު ބާއްވާނީ، ފަހުން ތަންކޮޅެއް ރަނގަޅަށް ބަލާލާފައި އޮފީހަށް ގެންދާނީ، މިހާރު މިކަން ކުރާކަށް މޫޑެއްނެތް، ހިނގާ ބޭރަށް” ރުހައިލު އިރުކޮޅަކު އިނދެފައި ބުނެލިއެވެ.
“މޫޑުނެތޭ… އަހަންނަށް ހާދަ ހީވެޔޭ އަރުފީނަކީ ރުހައިލުގެ އާދައިގެ ފްރެންޑެއް ނޫންހެން، އަނެއްކާ… ރުހައިލުގެ މަންމަ ހޯދައިގެން އުޅޭ ކުއްޖަކީ އެއީތަ؟” ފަރުހާނު ދެ ލޯ ބޮޑުކޮށްލާފައި އަހާލިއެވެ. ނަމަވެސް ފަރުހާނަށް ލިބުނީ އޭނާ އުންމީދުކުރި ޖަވާބެއް ނޫނެވެ. ރުހައިލު ބަލަން އިން ފައިލު ލައްޕާލަމުން ދެފަރާތަށް މަޑުމަޑުން ބޯހޫރާލީ ފަރުހާނަށް ހީވާ ހީވުމަކީ ގޯހެއްކަމުގައި އަންގައިދިނުމަށެވެ. އެހިނދު އެ މޫނަށް އަރާފޭބި ހުރިހާ އަސަރެއް ފަރުހާނަށް ފެނިގެންދިޔައެވެ. އިތުރަށް އެއްޗެއް ނުބުނީ އެހެންވެކަންނޭނގެއެވެ.
ދެ ޒުވާނުން ބޮޑުކޮޓަރިއަށް ނިކުން އިރު ދިގު ސޯފާގައި އަރުފީނު އިށީނދެލައިގެން އިންއިރު އޭނާގެ ދިގު އިސްތަށިގަނޑުގައި ފުނާއަޅަން ޔަލާ އިނެވެ. އެކުއްޖާގެ ހިމޭނުން ބާއްވަން އުނދަގޫ ދޫ މެދުކެނޑުމެއްނެތި ހަރަކާތްކުރަމުން ދިޔައިރު ހުރިހާ ވާހަކައެއް އަޑުއަހަން އަރުފީނު އިނީ ފޫހިކަމެއްނެތިކަން އެ ތުންފަތުގައިވި ލުއި ހިނިތުންވުން ހެކިދެއެވެ. އިރުކޮޅަކު ދުރުގައި ބަލަން ރުހައިލަށް މަޑުކޮށްލެވުނީ އެހެންވެއެވެ. ރުހައިލު ނުބުނިކަމުގައި ވިޔަސް އޭނާ އަރުފީނަށް ބަލާލާގޮތާއި އަރުފީނު ބަދަލުކޮށްލާ ނަޒަރުތަކުގައި ފޮރުވިފައިވަނީ ކީކޭކަން ފަރުހާނަށް ނަގައިގަންނާކަށް އުނދަގުލެއްނުވިއެވެ. ހަމައެއާއެކު ފަރުހާނު އެގެއަށް ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް އޭނާއަށް އަރުފީނު ދައްކާލުންކަމުގައި ޔަޤީންކުރިއެވެ. މީގެ ކުރިން ދުވަހަކު ވެސް ފެނިފައި ނުވާ އެ އަންހެންކުއްޖާގެ ގައިގާ ތަފާތު ގޮތެއް ހުރިކަން ފަރުހާނަށް ވެސް ފާހަގަވެއެވެ. ރުހައިލަކީ ވެސް އާދައިގެ ޒުވާނެއް ނޫނެވެ. ރީތިހާ ކޮންމެ އެއްޗަކީ އޭނާއަށް ކަމުދާނެ އެއްޗެއް ވެސް ނޫނެވެ. ފަރުހާނަށް ރުހައިލުގެ މިޒާޖު އެހާ ކަމުދިޔައީ އެހެންވެއެވެ. އޭނާއަށް ލިބިފައިވާ ތަފާތު މިޒާޖެވެ. ކަންކަމަށް ފަސޭހައިން ދީލައިނުލާނޭ އަޒުމް ވަރުގަދަ ޒުވާނެއްގެ ގޮތުގައި އަބަދުވެސް ރުހައިލު ފެންނާތީއެވެ.
ބޮޑުކޮޓަރިއަށް އައުމަށް ސިޑިން ފައިބަ ފައިބާ ހުރި ޝާރުދާއަށް ރުހައިލު އާއި ފަރުހާނު ހުއްޓި ތިބިގޮތް ފެނުމާއެކު ދެން ބަލާލެވުނީ ސޯފާގައި ތިބި އަރުފީނާއި ޔަލާއަށެވެ. ބޭއިޚްތިޔާރުގައި ހީނލެވުމާއެކު ދެތުންފަތް ފިއްތާލީ ހުނުމުގެ އަޑު ބޭރުވެދާނޭހެން ހީވެގެން ކަންނޭނގެއެވެ.
“ޔާލާ، އަރުފީ ދައްތަގެ ބޯ ހަޑިވީނު….” ޝާރުދާ ސޯފާއާ ދިމާއަށް އަންނަމުން ބުނެލިއެވެ. އެއާއެކު އަތުގައި އޮތް ފޯނަށް ގެއްލިފައި އިން އަރުފީނު އަވަހަށް އެ ދިމާއަށް ބަލާލިއެވެ.
“މާމީ… ލުކް…. ޔާއްކޮ އަފީދައްތަގެ ހެއަރ ތިއްތިކޮށްލާފަ…. ޔާއްކޮ މޮލު ދޯ…”
“މާމަގެ ޔަލާއަކީ ހަމަ އެއްވަނަ، އެކަމަކު ދެން އެހާ ބޮޑަށް ރީތިކުރާ އެއްޗެއްނޫން، އަރުފީ ދައްތަގެ އިސްތަށިގަނޑުގައި ގޮށްޖެހިއްޖެއްޔާ ފިލުވަން ކިހާ އުނދަގޫވާނެ” ޝާރުދާ އައިސް ވަކިން ހުރި ސޯފާގައި އިށީނެވެ. އޭރު ރުހައިލު އާއިއެކު ފަރުހާނު ވެސް އައިސް ދެފަރާތުގައި އެކަކަށް އިށީނދެވެން ހުރީ ގޮނޑީގައި އިށީންނަނީއެވެ. ޔަލާއަށް ރުހައިލު ފެނުމާއެކު ހީވީ އެކުއްޖާގެ ހިތްއަވަސްވެގެންދިޔަހެނެވެ. ކުއްލި އުފަލެއް ލިބިފައި ހުރިހެން ރުހައިލުއާ ވާހަކަދައްކަން ފެށިއެވެ.
“ދެދީ…. އަފީދައްތަ ހީވަނީ ލެޕެންޒަލްހެން… ޔާއްކޮ ބޭނުން ލޯންގ ލޯންގ ހެއަރއެއް، އަފީދައްތަ ކަހަލަ”
“ޔާއްކޮގެ ހެއަރ އަދި ދިގުވާނެޔޭ، ޔާއްކޮ ވެސް ކުޑައެއްނު، އަރުފީދައްތަ ވެސް ކުޑައިރު އޮންނަނީ ޔާއްކޮގޮތަށް ކުރު ހެއަރއެކޭ” ރުހައިލު ލޯހިމަކޮށްލަމުން މާނަފުން ގޮތަކަށް އަރުފީނަށް ބަލާލާފައި އެއްމިޔަކަންނިން ހިނިތުންވެލިތަން ފެނުނެވެ.
“ދެން ހިނގާ ނިންމާލަން، ދައްތަ ގެއަށްދާގަޑި ޖެހިއްޖެ…”
“ޔާއްކޮމެން ހައުސްގަ އަފީދައްތަ މަދުކުލޭ… ދޯ ދެދީ…” ސޯފާއިން ފުންމާލަމުން ދުވެފައި އައިސް ރުހައިލުގެ އުނގަށްވަން ޔަލާ ބުނެލިއެވެ.
“އޭރުން ދައްތަގެ ޑެޑީ ދެރަވާނެއެއްނު، މާދަމާ ޔަލާ ގާތަށް އަންނާނަމޭ….”
“ސައިނުބޮއެ ދަނީތަ؟” އަރުފީނުގެ ހަރަކާތްތައް ހުރި ގޮތުން ޝާރުދާ އަވަސް އަވަހަށް އަހާލިއެވެ.
“ދެން އެހެން ފަހަރަކުން ދޯ ދައްތާ… ގެއަށް ގޮސް އެބަހުރި ކުރަންހުރި ވަރަށް ގިނަ ކަންކަން، މިރޭ އޮފީހަށް ވެސް އަދި ދާން އެބަޖެހޭ، މިހެން އޮވެފައި ވާރޭ ބޯކޮށްލައިފިއްޔާ އެއްކަމެއް ވެސް ނުވާނެ” އަރުފީނުގެ ވާހަކަތަކުން އޭނާ ބޭނުންވާ ގޮތް ރުހައިލަށް ވަރަށް ސާފުވިއެވެ.
“ވާރޭ ވެހެންފަށައިފިއްޔާ އަޅުގަނޑުގެ ކާރުގައި އަރުފީނު ގެންގޮސްދީފާނަން، އެހެންވީމަ މަންމަ އެދިލެއްވިހެން ސައިބޯން މަޑުކޮށްލަންވީނު” ރުހައިލު ބުނެލިއެވެ. އެއާއެކު އެއްފަހަރު ރުހައިލަށް އަނެއްފަހަރު ޝާރުދާއަށް އަރުފީނު ބަލާލިއެވެ. ތިރީތުންފަތުގައި ދައިގަންނަމުން އިތުރު ގޮތެއްނެތް މީހަކު ހެން މަޑުމަޑުން އަރުފީނު ބޯޖަހާލިއެވެ. މިފަހަރު ވެސް ރުހައިލު ހިނިތުންވެލިތަން ފެނުނީ އެއްމިޔަކަނިންނެވެ. އެހެންނަމަވެސް މިފަހަރު އަރުފީނަށް އެތަން ފެނުނެވެ. އެހިނދު އެހެންމީހުންނަށް ނޭނގޭނޭހާ އަވަސްގޮތަކަށް ރުހައިލަށް ލޯއަޅާލިއެވެ. އެ ދެމެދުގައި ހިނގާ ހުރިހާކަމަކަށް ސަމާލުވެ ފަރުހާނު އިނދެފާނެއެކޭ އެކަކު ވެސް ހީއެއްނުކުރެއެވެ.
“މަންމާ… ވަރުޝާ ގާތު ބުނެގެން މިތަނަށް ސައިގެނައުން ކިހިނެއްތޯވާނީ” ރުހައިލު އިނދެފައި ބުނެލިއެވެ.
“ތީ ވަރަށް ރަނގަޅު ގޮތެއް، އަންނާނަން ވަރުޝާ ގާތު ބުނެފައި…” ނިކަން ހިނިއައިސްފައި ޝާރުދާ ތެދުވެގެން ބަދިގެފަރާތަށް ހިނގައިގަތުމާއެކު އޭނާގެ ފަހަތުން ޔަލާ ވެސް ދުއްވައިގަނެއްޖެއެވެ.
“ތީ ދެ އެކުވެރިންނޭ ބުނި، ދެން ކީއްވެ ވާހަކަ ނުދައްކާ ތި ތިބެނީ، ބައި ދަ ވޭ… އަހަރެން މީ ފަރުހާނު، ރުހައިލުގެ ކޮމްޕެނީގައި އޭނާއާއެކު ވާކްކުރާ މީހެއް، މިހާރު ގާތް ރަޙުމަތްތެރިންކަމަށް އަހަރެން ޤަބޫލުކުރަނީ…. އެހެއްނު ރުހައިލު” ޝާރުދާ ދިއުމުން ބޮޑުކޮޓަރިތެރެއަށް ހަމަހިމޭންކަން ވެރިވެގެން ދިއުމުން ފަރުހާނު ވާހަކަދެއްކިއެވެ. އޭނާގެ ވާހަކައަށް ރުހައިލު ހިނިތުންވެލަމުން ބޯޖަހާލިއެވެ. އޭރު އަރުފީނުގެ އިސްތަށިގަނޑުގައި ޔަލާ ހަރުކޮށްފައި ހުރި ކުދި ދަތިތައް ނައްޓަމުން އިސްތަށިތައް އޮމާންކުރަމުން ދިޔައެވެ.
“މީ އަރުފީނު، ފަރުހާނަށްވުރެ އަހަންނާ ގާތް ރަޙުމަތްތެރިއެއް…. އަރުފީނަށް އެނގޭތަ، ފަރުހާނުގެ ފަހަތުން އަންހެންކުދިން ސަފު ހަދާލާފައި އުޅޭއިރު ވެސް މީނާ އެ ހުންނަނީ ވަރަށް ޚާއްޞަކުއްޖަކު ލިބެންދެން، ތިކަހަލަ ތަފާތު އަންހެންކުއްޖެއްގެ އިންތިޒާރުގައި…” ރުހައިލުގެ ވާހަކަތަކުން އަރުފީނަށް އުނދަގޫވީކަން އޭނާގެ މޫނުމަތިން ފާޅުވެގެން ދިޔައެވެ. އެހެންނަމަވެސް ރުހައިލުގެ ފަރުވާލެއް އެކަމަކަށް ނެތެވެ.
“ކޮންމެ މީހަކު ވެސް އެމީހެއްގެ ހަޔާތަށް ގެންނަން ބޭނުންވާނީ ވަރަށް ޚާއްޞަ މީހަކު، ލޯބިވާ މީހަކު… މުޅި ހިތުން އެމީހަކަށްޓަކައި ޖާގަދޭނޭވަރުގެ މީހަކު… ދޯ އަރުފީނު” އަރުފީނަށް ދޯ ދިނުމުން އޭނާ ފަރުހާނަށް ބަލަން އިނދެ މަޑުމަޑުން ބޯޖަހާލިއެވެ.
“އަރުފީނު ވެސް ހީވަނީ އެ ފަދަ މީހަކަށް އިންތިޒާރުކުރާހެން، ފަހަރެއްގައި ފަރުހާނު ކަހަލަ މީހަކު ނުފެނިގެން ކަންނޭނގެ” މިހެން ބުނުމާއެކު ރުހައިލު ހޭންފެށިއެވެ. އެހެންނަމަވެސް އެ ހުނުމުގައި ފޮރުވިފައިވާ ވޭނެއް އެކުލެވިފައި ވިއެވެ. ފާޅުކުރަން ބޭނުންނުވި ރިހުމެއް ހިތުގައި އުފެދިގެން ދިޔައެވެ.
“ލޯއްބަކީ އެންމެންގެ ނަސީބުގައި ވާއެއްޗެއްނޫން” އަރުފީނުގެ އަޑު މަޑެވެ. އެހެންނަމަވެސް އޭނާ ބުނި އެއްޗެއް ރުހައިލާއި ފަރުހާނަށް ސާފުވިއެވެ.
“އެހެނޭކިޔާފައި ލައިފް ހުއްޓުމަކަށް ނާދެއެއްނު، ކުރިއަށް ދާން ޖެހޭނެ… ބައެއްފަހަރު ކައިވެންޏަށްފަހު ވެސް ލޯބި ލިބިފައި އެބަހުރި، އެހެންވީމަ އަދި މާޔޫސްވާކަށްނުވޭ، ޚާއްޞަކޮށް ތިހާ ރީތިކުއްޖަކު… ހަމަ ޔަޤީން އަރުފީނު ލިބޭނީ ވަރަށް ނަސީބުގަދަ މީހަކަށް”
ފަރުހާނުގެ ދުލުން އަރުފީނަށް ތަޢުރީފުކުރި އަޑު އިވުމާއެކު ޚުދު އަރުފީނަށް ވެސް ހައިރާންވެފައި ބަލަން އިނދެވުނެވެ. އެހިނދު ފަރުހާނާ އަރުފީނުގެ ހަތަރުކަޅި ބައްދަލުވެފައި ހުރިތަން ރުހައިލަށް ފެނި އަމިއްލަ ޟަމީރު ރޯލިއެވެ. އަދި ކުރަން އުޅޭ ކަންތަކުން ނިކުމެދާނެ ނަތީޖާއަކާ މެދު ވިސްނާލުމަށް ހަނދާންކޮށްދިން ކަހަލައެވެ. ނަމަވެސް އެހާ އަވަހަށް އޭނާގެ ދެބުމަ ކައިރިވެ ނިތްކުރިއަށް ރޫޖެހިލިއެވެ. ގަސްދުގައި ތަންކޮޅެއް ބާރަށް ރުހައިލު ކަރުކެހިލިއެވެ. އެއާއެކު އެއްފައި މައްޗަށް އަނެއްފައި އަރުވާލަމުން އަރުފީނު މޫނު އަނބުރާލިއެވެ. ފަރުހާނުގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ.
ޝާރުދާ އާއި ވަރުޝާ ސައި ހިފައިގެން އައުމާއެކު އެންމެން ސައިބުއިމަށް އުޅުނެވެ. އިސްވެ ވާހަކަދައްކާތަން ފެންނަނީ ޝާރުދާއެވެ. އެހެންނަމަވެސް އަރުފީނާއި ރުހައިލުގެ އިތުރުން ފަރުހާނުގެ ދެމެދުގައި ސިއްރު ބެލުންތައް ބަދަލުކުރެވެމުންދިޔައެވެ. ރުހައިލުގެ ސަބަބުން އަރުފީނަށް ލިބެމުންދިޔަ ނުތަނަވަސްކަން ހައްތާވީ އިތުރެވެ.
ސައިބޮއެ ނިމުމާއެކު އެންމެ ވަގުތުކޮޅަކު ވެސް އަރުފީނު މަޑުކުރާކަށް ބޭނުމެއްނުވިއެވެ. އޭނާ ގަސްދުކުރީ އުނައިސްއަށް ގުޅައިގެން ގެއަށް ދިއުމަށެވެ. އެހެންނަމަވެސް ބޮޑުކޮޓަރީ ދޮރުކައިރީ ފޯނު ހިފައިގެން އައިސް ހުއްޓި އަރުފީނުގެ މުލައްދަނޑީގައި ރުހައިލު ހިފުމާއެކު އޭނާގެ ދޫ ބަންދުވެއްޖެއެވެ. އެންމެފަހުން ޖެހުނީ ރުހައިލު ކާރު ނެރުމުން އެ ކާރަށް އަރާށެވެ. ފަރުހާނުގެ ގާތުގައި އަރުފީނު ގެއަށް ލާފައި އަންނަން ދެން މަޑުކޮށްލުމަށް ބުނެފައި އަރުފީނު ގޮވައިގެން އޭނާ ދިޔައެވެ.
“ފަރުހާނު ކިހިނެއް؟” ކާރުގެ ހުންގާނުގައި އެއްއަތުން ހިފަހައްޓާލައިގެން އިނދެ ރުހައިލު އަހާލިއެވެ.
“ރަނގަޅު” ކާރުގެ ދޮރުފަތުގެ ބިއްލޫރިގަނޑުން ބޭރަށް ނަޒަރު ހުއްޓާލައިގެން އިނދެ އަރުފީނު ބުނެލިއެވެ.
“ސޯ ތީގެ މާނައަކީ އަރުފީނަށް ފަރުހާނު ކަމުދެއޭތަ”
“ކީކޭ ކިޔަންތަ ރުހައިލު ތިއުޅެނީ…”
“އަހަރުމެން ދެމީހުން ކައިވެނިކުރާކައްނު މިއުޅެނީ، އަރުފީނު އަހަރެންދެކެ ލޯއްބެއްނުވޭ، އަހަންނާ އިންނާކަށް ބޭނުމެއްނޫން، މިހާ ދުވަސްވީއިރު މީހަކާ ރައްޓެހިވާން ގަސްދުނުކުރާކަން ވެސް އަހަންނަށް އެނގޭ… އެހެންވީމަ މިއުޅެނީ އަރުފީނަށް ރަނގަޅު ބައިވެރިއަކު ހޯދައިދޭން… އަހަންނަށް އިތުބާރެއްނުކުރެވޭތަ… އަހަރެން އަރުފީނަށް ގޯސްގޮތެއްވާކަށް ނޭދޭނެއެއްނު”
“އޯ ޕްލީޒް ސްޓޮޕް ޓޯކިންގ ރަބިޝް…”
“އޯކޭ… އެހެންވީރު އަހަންނާ ކައިވެނިކުރަން އެއްބަސްވޭ” ރުހައިލު މިހެން ބުނުމުން އިތުރަށް އަރުފީނު އެއްވެސް އެއްޗެއް ނުބުންނެވެ. އަދި ކާރުގައި ގެއަށް އާދެވެންދެން ރުހައިލު ދެއްކި އެއްވެސް ވާހަކައެއް އޭނާއަށް އަޑު ވެސް ނީވޭހެން ހިމޭންވެފައި އިނެވެ.
ގޭގެ ކުރިމައްޗަށް ކާރު މަޑުކޮށްލުމާއެކު އަރުފީނު ވަގުތުން ފޭބުމަށް ދޮރުހުޅުވާލިއެވެ. އޭނާ ދެމިގަތުމުގެ ކުރިން ރުހައިލު އަރުފީނުގެ އަތުގައި ހިފާ އޭނާ ހުއްޓުވިއެވެ. އަދި ވަރަށް ވެސް ފުން ބަލާލުމަކުން އެ ދެލޮލަށް ބަލާލަމުން ވާހަކަދެއްކިއެވެ.
“އަރުފީނަށް އެކަންޏެއްނޫން ކަންތައްތައްކުރެވޭނީ، އަހަންނަށް ވެސް އެނގޭ އަރުފީނުލައްވާ ކަންތައްތައް ކުރުވަން”
ރުހައިލުގެ އަތުގެތެރެއިން އަރުފީނުގެ އަތް ނައްޓުވާލާފައި ހަލުވިކޮށް ދޮރޯށިން ވަދެގެން އެތެރެއަށް ގޮސް އަރުފީނު ގެއްލުނެވެ. އެގޭ ދޮރޯއްޓަށް އިރުކޮޅަކު ބަލަންއިނދެފައި ރުހައިލު ހުންގާނުގައި ހިފަހައްޓައިގެން އިން އަތް ނޫން އަނެއްއަތުން ޖަހާލަމުން ކާރު ދުއްވާލިއެވެ.
* * * *
ހަފްތާއެއް ވޭތުވެގެން ދިޔައިރު ރުހައިލު ކޮންމެ ދުވަހަކު ހެން އަރުފީނު އެގެއަށް އަންނައިރާ ދިމާކޮށް ފަރުހާނު ގެނެއެވެ. އެކަމާ ފަރުހާނު ސުވާލުކުރުމުން ވަކި ޖަވާބެއް ނުދިނެއްކަމަކު އަރުފީނާއެކު އެ ދެމީހުން އެކަނިވެއްޖެނަމަ ރުހައިލުގެ ވާހަކަ ހުންނަނީ އަރުފީނާއި ފަރުހާނާ ދެމީހުން ގުޅުވަން މަސައްކަތްކުރާ މީހަކު ފަދައިންނެވެ. އަދި އެ ދެމީހުންގެ އެކުވެރިކަން ބަދަހިކުރުމަށް ރުހައިލު ފާޅުގައި ބާރުއަޅައެވެ. އެކަމާ އަރުފީނު ހުންނަނީ ހިތްހަމަނުޖެހިފައިކަން ރުހައިލަށް އެނގޭއިރު ވެސް އޭނާ ހުރީ ގޮތެއްގައި ހިފަހައްޓައިގެންނެވެ. އަރުފީނު ނުރުހުންފާޅުކުރާ ކޮންމެ ފަހަރަކު ރުހައިލު އެދެނީ އޭނާއާ ކައިވެނިކުރުމަށެވެ. އެއާއެކު އަރުފީނުގެ ދޫ ހިމޭންވެދެއެވެ. މި މަންޒަރުތައް ޝާރުދާއަށް ފާހަގަކުރެވެން ފެށުމުން އޭނާ ހުރީ ވިސްނަންވީގޮތެއް ނޭނގިފައެވެ. ލޮލަށް ފެންނަ މަންޒަރުތަކަކީ ހަޤީޤަތަށް ނުވެދާނެތީއެވެ. އެކަމަށް ވެސް ނިމުން އައީ ޔަލާގެ ސެޝަން ނިންމާލާފައި އަރުފީނާއެކު ސައިބޯން އެންމެން ތިއްބައެވެ.
“މަންމާ، އަޅުގަނޑު މީހަކާ އިންނަން ގަސްދުކޮށްފިން….” ކުއްލިއަކަށް ރުހައިލު ބުނެލި ޖުމްލައިން އެންމެން އަޖައިބުވިއެވެ. ބަލަން ތިބީ ޤަބޫލުނުކުރެވިފައި ތިބި ހެންނެވެ. އެއާއެކު ރުހައިލު އޭނާ ބުނި އެއްޗެއް ތަކުރާރުކޮށްލިއެވެ.
“ޚާއްޞަކުއްޖަކު ހުރީތަ؟” ފުރަތަމަ ވެސް ވާހަކަދެއްކީ ފަރުހާނެވެ.
“ކިހިނެއްވީ ދަރިފުޅު ކުއްލިއަކަށް ޚިޔާލު ބަދަލުވީ، މަންމަ ވަރަށް އުފާވެއްޖެ…. މަންމާ ގާތު ވެސް ބުނެބަލަ އެއީ ކޮންކުއްޖެއްކަން” ޝާރުދާ މިހެން ބުނުމާއެކު އަރުފީނަށް ހިންދިރުވާލެވުނެވެ. އަދި އަތުގައި އޮތް ސައިޖޯޑުގައި ދެއަތުން ހިފަހައްޓާލީ ރުހައިލު ބުނާނެ އެއްޗެއް ނޭނގޭތީ އެކަމުން ލިބިދާނެ ޝޮކަކުން ސައިޖޯޑު އަތުން ދޫވެދާނެއޭ ހީވެއެވެ.
“އަޅުގަނޑަށް އެނގޭ އަރުފީ ގާތު މަންމަ އެދުނުކަން އަޅުގަނޑަށް ވިސްނައިދޭން، މަންމާ، އަރުފީގެ ކައިވެންޏާއެކު އަޅުގަނޑު ކައިވެނިކުރަން ގަސްދުކުރަނީ…” އަރުފީނާ ނަޒަރު ވަކިކޮށްލުމެއްނެތި ރުހައިލު ބުނެލިއެވެ. އެހިނދު ފަރުހާނު ވެސް ބަސްހުއްޓުނެވެ. ޔަޤީނާ ކައިރިއަށް މިވަނީ ކިހިނެއްކަން ފަރުހާނަށް އެނގުނީ ކަމަށްވެދާނެއެވެ. އެ ދެމީހުން ނުބުނަން މަސައްކަތް ކުރިޔަސް ދެމީހުންގެ މޫނުމަތިން ހުރިހާ ކަމެއް ފަރުހާނަށް ފާޅުވީއެވެ. އެ ދެ ހިތުގައި ލޯބި އޮތް މިންވަރެވެ.
“ހަމަ ތެދެއްތަ؟ އަރުފީނު މީހަކާ އިންނަނީތަ؟ ކޮންއިރަކުން… ތީ އަދި މަންމައަށް ނޭނގޭކަމެއް”
“އަޅުގަނޑު…” އަރުފީނު ބުނަން އުޅުނު އެއްޗެއް ހަނދާންނެތި ގަބުވެފައި އިނެވެ.
“އަރުފީ ކައިވެނި އަވަސްކުރީމަ އަޅުގަނޑުގެ ކައިވެނި އަވަސްކުރެވެން އޮތީ… މިފަހަރު އަޅުގަނޑު ކައިވެނިކުރަން ބޭނުންވަނީ އެގޮތަށް… އެހެންވީމަ އަޅުގަނޑުގެ ކައިވެނި އަވަސްކުރަން ބޭނުންވާނަމަ މަންމަ ކޮށްދޭންވީ ކަމަކީ އަރުފީގެ ކައިވެނި އަވަސްކޮށްދޭންވީ…. އޭރުން މަންމަ ބޭނުން ކުއްޖަކާ އަޅުގަނޑު އިންނަން މިހިރީ ތައްޔާރަށް” ރުހައިލު އޭނާގެ ނިންމުން އިއުލާން ކުރިއެވެ. އެހެންނަމަވެސް އޭނާގެ ހިތާ ދެކޮޅަށް ނިންމި ނިންމުމެއްކަން އަރުފީނަށް އެނގެއެވެ. އަނެއްކޮޅުން ހާސްވެގެން އަރުފީނަށް ވާހަކައެއް ނުދެއްކުނެވެ. އޭނާ އިންތަނުން ތެދުވެގެން ދުއްވައިގަތީ ކާގެއާ ދިމާއަށެވެ.
“އަރުފީނު ލަދުންކަންނޭނގެ އެ ދިޔައީ… މި ރުހައިލު ވަރަށް ލާނެތްވާނެ، އެކުއްޖާއަށް އުނދަގޫކުރާން މީނާ ވަރެއް ނުވާނެ އެހެން އެކަކަށް ވެސް، ފަރުހާނަށް އެނގޭތަ، އަރުފީނަށް ހާލެއް ޖައްސާލިއޭ ރުހައިލު… ވަރުގަދަ ބޮނޑިއެއް އެކުއްޖާފުޅަށް ދީފައި މައިތިރިވީ…” ޝާރުދާ ހިނިއައިސްފައި އިނދެ ވާހަކަދެއްކިއެވެ. އޭނާގެ ވާހަކަތަކުން އަރުފީނާ ބެހޭގޮތުން އިތުރަށް އޮޅުން ފިލުވަން ފަރުހާނު ބޭނުންވިއެވެ. އޭނާ ރުހައިލުގެ މޫނަށް ބެލުމެއްނެތި ޝާރުދާގެ ގާތުން އަރުފީނާ ބެހޭ ކަންކަން އޮޅުން ފިލުވިއެވެ.
ޝާރުދާ އާއި ފަރުހާނު ވާހަކައިގައި ތިއްބާ މަޑުމަޑުން ތެދުވި ރުހައިލު އައިސް ކާކޮޓަރިއަށް ވަނެވެ. އޭރު ދޮރާދިމާއަށް ފުރަގަސްދީގެން ކާމޭޒުކައިރީ މަޑުކޮށްލައިގެން އަރުފީނު ހުއްޓެވެ. އެތަނުގައި އިތުރު މީހަކު ނެތުމުން ރުހައިލު އައިގޮތަށް އައިސް އަރުފީނުގެ ފުރަގަހުން އޭނާގެ ދެއަތްވަށާލިއެވެ. އަރުފީނު ތެޅިގަތް ނަމަވެސް ރުހައިލު ދުލެއްނުކުރިއެވެ. އަރުފީނު މަޑުވުމުން އޭނާގެ ކޮނޑުގައި ދަތްދޮޅި އަޅުވާލަމުން ރުހައިލު ވާހަކަދެއްކިއެވެ.
“މިހާރު މަންމައަށް ވެސް އެނގުނީ، އަދި އަރުފީގެ މަންމަމެނަށް ވެސް އެނގޭނެ… ހީނުކުރައްޗޭ އެމީހުން ޤަބޫލުނުވާއޭ… ޚާއްޞަކޮށް އަރުފީގެ ބައްޕަ… ފަރުހާނު ހުރީ އަރުފީނާ އިންނަން ބޭނުންވެފައި، އޭނާއަކީ ރަނގަޅު ޒުވާނެއް، އަހަރެން މިހާރު އެންމެ އިތުބާރުކުރާ މީހާ… އަރުފީނު އުފަލުގައި ގެންގުޅެވޭނޭހާ ތަނަވަސްކަން ވެސް އޭނާއަށް ލިބިފައިވޭ… ސޯ އެކްސެޕްޓް ހިމް… ލަވް…” ރުހައިލުގެ އަޑުގައި ހުރީ ޖެއްސުމުގެ ގޮތެވެ. އޭނާ ދެއަތްކައިރިކޮށްލާ އަރުފީނު ފިއްތާލަމުން އޭނާގެ ކޯތާފަތުގައި ބޮސްދިނެވެ.
ކާކޮޓަރިއަށް ވަންނަން އައި ފަރުހާނަށް ރުހައިލު ހުރި ގޮތް ފެނުނެވެ. އަދި އޭނާގެ ކިބައިން އަރުފީނު ދުރަށް ދާން މަސައްކަތް ކުރާއިރު ވަކިން ބޮޑަށް ގަޔާ ކައިރިކޮށްލުމާއެކު އޭނާ ކޮށްލި ސަމާސާ ވެސް ފަރުހާނަށް ފެނުނެވެ. އެގޮތަށް ރުހައިލު ހުއްޓާ އެތަނަށް އޭނާ ވަނުން ރަނގަޅެއް ނުވާނޭއޭ ވިސްނުމުން ފަހަތަށް ދެތިން ފިޔަވަޅު ޖެހިލާފައި ރުހައިލަށް ގޮވާލިއެވެ.
“ކޮންތާކަށްތަ ތިވަނީ ސައިބޯން އިނދެފައި…” ފަރުހާނު އަންނަކަމުގެ ހިލަމެއް ކޮށްލުމުގެ ބޭނުމުގައި އޭނާ ބުނެލިއެވެ. އެއާއެކު އޭނާއަށް ފެނުނީ އަވަސް ފިޔަވަޅުގައި ރުހައިލު ކާކޮޓަރިން ނިކުންނަ ތަނެވެ.
އަރުފީނު ގެއަށް ލާފައި ރުހައިލު އައުމުން ފަރުހާނު އޭނާގެ އަތުގައި ހިފައިގެން އެރީ ހާމަފެންޑާއަށެވެ. އެކަހެރިކޮށް ތިބެ ވާހަކަދައްކާލަން ބޭނުންވެގެންނެވެ. ހާމަފެންޑާއަށް އަރާ އުނދޯލީގައި ރުހައިލު އިށީނދެ މައްޗަށް ނަޒަރު ހުއްޓާލުމާއެކު ފަރުހާނު ވާހަކަދައްކަން ފެށިއެވެ.
“އަހަންނަށް މިއަދު ޔަޤީންވެއްޖެ ރުހައިލުގެ ރަޙުމަތްތެރިއެއް ނޫންކަން އަރުފީނަކީ” ފަރުހާނުގެ ވާހަކަތަކުން ރުހައިލުގެ ސަމާލުކަން އަތުލިއެވެ.
“އަހަރުމެން ދެމީހުންގެ މެދުގައި އޮތް ރަޙުމަތްތެރިކަމަށް ވީގޮތެއް އަހަންނަކަށް ވެސް ނޭނގޭ… ފަރުހާނު، ތެދަށްބުނެބަލަ، ފަރުހާނަށް ކަމުދާ ގޮތެއް އަރުފީގެ އެބަހުރިތަ؟” ރުހައިލު އިސްޖަހާލަމުން ބުނެލިއެވެ.
“އަރުފީނުގެ އުނި ސިފައެއް އަހަންނަކަށް ނުފެނޭ…”
“އެހެންވީރު ފަރުހާނު އަރުފީނުގެ ލައިފަށް އަންނަންވީނު”
“ނުވާނެ ތިކަމެއް… ތި ވާހަކަދައްކަން އަހަރެން މިއުޅެނީ ވެސް، ތި ދެމީހުންގެ ދެމެދު އޮތް ރަޙުމަތްތެރިކަމަށް ވީގޮތް ވެސް އަހަރެން ބުނެދާނަން، ހުރިހާ ކަމަކީ ވެސް ތި ދެމީހުންނަށް އެކަކު އަނެކަކުދެކެ ލޯބިވެވުން، ތި ދެމީހުން ބައްދަލުވާ ކޮންމެ ފަހަރަކު އެ ލޯބި އަހަރެންނަށް ވަނީ ފެނިފައި… އެހެންވީމަ ތި ދެމެދަށް އަހަރެން ނުވައްދާ، އަރުފީނަކީ ރުހައިލުގެ ހައްޤެއް”
“ފަރުހާނަށް ތިހީވަނީ ރަނގަޅަކަށް ނޫން… އަރުފީނު އަހަރެންދެކެ ލޯއްބެއްނުވޭ، އޭނާ އަހަރެންގެ ހައްޤަކަށްވާނީ ކިހިނެއް” ރުހައިލު ވަގުތުން ދެކޮޅު ހެދިއެވެ.
“ނުވާނެ އެހެނެއް، އަހަރެންގެ ބޯމަތީ މި އުޑުއޮތްހާ ދުވަހު އަހަރެން ތިކަމެއް ޤަބޫލެއްނުކުރާނަން، އަރުފީނު ދެކެ ރުހައިލު ލޯބިވާހެން، އޭނާ ވެސް ރުހައިލުދެކެ ލޯބިވޭ… އަދި ތިދެމެދުގައި އޮތީ ކިހާ ގާތްކަމެއްކަން ވެސް އަހަންނަށް އެނގި ފެނިއްޖެ، އެހެންވީމަ އިތުރަށް ދެން އަހަންނަށް އޮޅުވާނުލާ… އަހަންނަކީ ރުހައިލު އިތުބާރުކުރާ ގާތް ރަޙުމަތްތެރިއަކަށް ވާނަމަ ތި ހިތުގައި އޮތް އެއްޗެއް ކިޔައިދީބަލަ… އަރުފީނުދެކެ ލޯބިވާއިރު އެކަން ޤަބޫލުނުކުރަންވީ ސަބަބު އަހަރެން ވެސް ބޭނުން އެނގެން…”
“ތީ ރަނގަޅު ރަޙުމަތްތެރިއެއް، ޔަޤީނުން ވެސް އަހަރެން އެންމެ ގާތްކަމަށް ދުށް ރަޙުމަތްތެރިޔާއަށްވުރެން މިއަދު ފަރުހާނަށް އަހަރެން ގޮތް މާބޮޑަށް އެނގިއްޖެ…. އަހަރެން ބޭނުންވަނީ ކޮންކަމެއްކަން ވެސް ފަރުހާނަށް ބުނަން އެނގިއްޖެ، އަރުފީނަކީ އަހަންނަށް ހައްލުނުކުރެވުނު އަރަތެއް… މިއަދާ ހަމައަށް އައިރު އޭނާގެ ދެ ލޮލުން ހާމަވާކަންކަމާ އޭނާގެ ޢަމަލުތަކާއި އޭނާގެ ދުލުން ހާމަ ކުރާ ކަންކަމާ މުޅިން ނުބައްދަލު…. މިއަދު އަރުފީނާ ބެހޭ ގޮތުން މަންމަ އެ ކިޔައިދިނީ ހަމައެކަނި މަންމައަށް އެނގޭ މިންވަރު….”
“އަހަންނަށް އެވާހަކަތައް އަޑުއަހާފައި އެނގުނޭ ތި ދެމީހުންގެ ދެމެދު ސިއްރުވެފައިވާ ގުޅުމެއް އެބައޮތްކަން، ރުހައިލު އެހާ ލޯބިވާ އަންހެންކުއްޖަކާ އަހަރެން ގުޅޭނީ ކިހިނެއް، އަރުފީނަކީ ތަފާތު ކުއްޖެއްކަން އެންމެ ފުރަތަމަ ދުވަހު ވެސް އަހަންނަށް އެނގުނު… އެހެން އަންހެންކުދިންނާ ތަފާތު ރީތިކަމެއް ލިބިފައިވާ އަންހެންކުއްޖެއް އެއީ… އެކަމަކު…. އޭނާ ލޯބިވަނީ ރުހައިލުދެކެ… އަހަރެން ހައިރާންވަނީ ރުހައިލަށް އެކަން ނޭނގޭތީވެ”
“އަހަންނަށް ގޮތެއް ނުނިންމިގެން މިއުޅެނީ ތިޔަހެންވެގެން، އަހަރެންގެ ލޮލަށް ފެންނަ ކަންތައްތަކީ ހަޤީޤަތެއްކަމުގައި ހީނުވަނީ އެކަމަށް އަރުފީނު ދެކޮޅު ހަދާވަރު ފެނިފައި…. އަބަދުވެސް މަސައްކަތްކުރަނީ އަހަންނާ ދުރަށް ދާން، އެއްފަހަރު ވެސް ނުބުނޭ ކީއްވެކަމެއް….”
“ނުވާނެ ތިހިނެއް، އަރުފީނުދެކެ ރުހައިލު ތިހާ ލޯބިވާނަމަ އޭނާ ރުހައިލާ ދުރަށްދާން މަސައްކަތްކުރާ ސަބަބު ވެސް އޮންނާނީ އެނގިފައި، ފަހަރެއްގައި ރުހައިލު އެކަމަށް ސަމާލުކަން ނުދޭތީ ފާހަގަނުވެ އޮވެދާނެ…”
“ތިބުނި އެއްޗެއް ނުވިސްނުނު…”
“މިބުނީ އަރުފީނަށް އަންނަ ބަދަލުތައް ރުހައިލަށްވުރެ މޮޅަށް އެނގޭނޭ މީހަކު ނުހުންނާނެއޭ، އެ ދެލޮލުގައި އެކުލެވިފައިވާ ރިހުން ރުހައިލަށް ނުފެނޭތަ؟ ކޮންމެވެސް ކަމެއް އަރުފީނަށް ދިމާވެގެންކަމަށް ވެދާނެ، ނޫނީ ކޮންމެވެސް މީހަކު ތި ދެމެދުގައި އޮތް ލޯއްބަށް ހުރަސް އަޅަނީ ކަމަށް ވެސް ވެދާނެ… ރުހައިލު އެއްފަހަރު ވެސް މަސައްކަތް ކުރިންތައް އަރުފީނު ރުހައިލާ ދުރަށް ދާން މަސައްކަތްކުރަނީ ކީއްވެކަން ދެނެގަންނަން… އޭނާ ރުހައިލާ ގުޅެން ބޭނުންނުވަނީ ކޮން ސަބަބަކާ ހުރެތޯ އޮޅުން ފިލުވަން އުޅުނިންތަ”
“އަރުފީނު އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކާ، އަހަރެން ކިތަންމެ ވަރަކަށް ސުވާލުކުރިޔަސް އޭނާ ޖަވާބެއް ނުދޭ، އޭނާ ހައްލެއްކަމުގައި ދުށީ އަހަރެންގެ ގާތުން ދުރަށް ދިއުން…. މޮޔައެއްހެން އޭނާގެ ފަހަތުން ދުވެދުވެ އަހަރެން ވަރުބަލިވެއްޖެ، ހަދާނެގޮތް ހުސްވެއްޖެ…”
“އެކުވެރިން ތިބެނީ ކޮންމެވެސް ކަމަކު، އަރުފީނު އެހެން އެއުޅެނީ ކީއްވެކަން އަހަރެން ހޯދާނަން، ރުހައިލުގެ ލޯބި ރުހައިލަށް ހޯދާ ދޭނަން…. އެވަރުކަމެއް އަހަންނަށް ނުކޮށްދެވުނު ނަމަ އަހަންނަކީ ރުހައިލުގެ އެންމެ ގާތް ރަޙުމަތްތެރިޔާއަށްވާން ކާކު”
“އަހަންނަށް ނުވިކަމެއް ފަރުހާނަށް ވެދާނެތަ…”
“އައްދޭ! މަގޭ ބިޓެއް ނެތަކަސް މަށަށް ވެސް އަންހެންކުދިންނާ ވާހަކަދައްކަން އެނގެޔޭ، ދެން ބުނެބަލަ… ކޮންއިރަކުން ފެށިގެންތަ ތި ދެމެދުގައި ތި ގުޅުމެއް އުފެދުނީ”
ފަރުހާނު އެދުމުން ރުހައިލު، އޭނާއަށް އަރުފީނު ފެނުނު ދުވަހު ކުރެވުނު އިހުސާސް ބަޔާންކުރަމުން ހުރިހާ ވާހަކައެއް ކިޔައިދޭންފެށިއެވެ. ރުހައިލުގެ ވާހަކަ އަޑުއަހަން އިން އިން ފަރުހާނުގެ މޫނުމަތިން ރުހައިލުގެ ކިޔައިދެމުން ދިޔަ ވާހަކަތަކުގައި ހުރި އަސަރުތައް ފާޅުވަމުން ދިޔައެވެ. އެންމެފަހުން ރުހައިލުގެ ވާހަކަ ނިންމާލިއިރު ފަރުހާނުގެ މޫނުމަތިން ވެސް ފެންނަނީ މާޔޫސްކަމެވެ.
“ދުވަސްކޮޅަކަށް އަހަންނަށް އަރުފީނު ދޭންވީނު…” ކުއްލިއަކަށް ފަރުހާނު ބުނި އެއްޗަކުން ރުހައިލު ހައިރާންވިއެވެ.
“ތިބުނީ….”
“ދުވަސްކޮޅަކަށް ރުހައިލު މަޑުމަޑުން ހުންނަންވީ، އަހަރެން އަރުފީނާ ވާހަކަދައްކާނަން، ބުނޭ އަހަރެން އަރުފީނާ އިންނަން ބޭނުންވެގެންނޭ އުޅެނީ، އަދި އަހަރެން ވެސް އުޅޭނީ އަރުފީނާ އިންނަން ބޭނުންވެގެން އުޅޭ މީހަކުހެން، އޭރުން އަރުފީނު ހަދާ ގޮތެއް ބަލަން އަހަރެން ބޭނުންވަނީ… އަހަރެން ވާހަކަދެއްކީ އޭނާ ދޭ ޖަވާބެއް ވެސް އެނގިދާނެތާ… ރުހައިލަށް ވާނެތަ؟”
“އޭރުން އޭނާ އެއްބަސްވެއްޖެއްޔާ ދެން ކިހިނެއް ހަދާނީ…. އަރުފީނު ގޮތްދޫނުކުރަން ވެގެން އާނއެކޭ ބުނެފިއްޔާ ފަރުހާނު އޭނާއާ އިންނާނީތަ؟” ރުހައިލުގެ އަޑު ބަދަލުވެގެންދިޔައެވެ.
“އެހިސާބަށް އަދި ނުވިސްނަމާ، ލޯބިވާ މީހާ ދޫކޮށްލަން ކިތަންމެ ފަސޭހަޔަސް އަމިއްލަ ދިރިއުޅުމަށް ލޯބިވާ މީހާ ނޫން މީހަކު ގެނައުމަކީ ފަސޭހަކަމެއްނޫން”
“އޯކޭ… މައްސަލައެއްނެތް، ފަރުހާނުގެ ޕްލޭންއަށް އަހަރެން ޢަމަލުކުރަން މިހިރީ ތައްޔާރަށް” ރުހައިލު މިހެން ބުނުމާއެކު ފަރުހާނު އަތްދިއްކޮށްލީ އެއްބަސްވެވިއްޖެކަމުގެ ރަމްޒެއްގެ ގޮތުން ސަލާމްކޮށްލުމަށެވެ. ހިނިއައިސްފައި އިނދެ ރުހައިލު ސަލާމުކޮށްލުމުން ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް ކަމުގައި ފަރުހާނު ބުނެލިއެވެ.
ޖެހިގެން އައި ދުވަހު އަރުފީނު އަންނަން ވާއިރަށް ފަރުހާނު ވެސް އިނީ ރުހައިލުމެން ގޭގައެވެ. ރުހައިލުގެ ބެލުންތައް މަދުވެފައި ފަރުހާނުގެ ނަޒަރު އަރުފީނާ ވަކިވެގެން ނުދެއެވެ. އެކަން އަރުފީނަށް ވެސް އެނގެއެވެ. އެކަނިވެލާނޭ ވަގުތެއް ރުހައިލު ހޯދީ ކޮފީގެ ބަހަނާގައެވެ. ހާމަފެންޑާއަށް ވަރުޝާ ގެނައި ތަބަކުގައި ތިންމީހުންނަށް ކޮފީ ތައްޔާރުކުރެވިފައި ހުއްޓެވެ. އަރުފީނު ހުންނަން ބޭނުންނުވި ކަމުގައި ވިޔަސް ފަރުހާނުގެ އާދޭހާއެކު އެތަނުގައި މަޑުކޮށްލަން އޭނާ ނިންމީއެވެ.
ވާހަކައިގައި އިރުކޮޅަކު ހުރުމަށްފަހު ރުހައިލު އެބަ އަންނަން ކަމުގައި ބުނެ ހާމަފެންޑާއިން ދިޔައެވެ. ފަރުހާނަށް ރުހައިލު ދިން ފުރުޞަތެއްކަން އޭނާ ދެނެގަތެވެ. އެހެންވެ ވަރަށް ނޫންގޮތަކަށް މުށިތަކުގައި ފައިދަމަމުން އަރުފީނުގެ ގާތަށް އައިސް ހުއްޓިލިއެވެ. އަދި ދުރަށް ބަލަހައްޓައިގެން ހުރި އަރުފީނުގެ މޫނަށް ފަރުހާނަށް ބަލަން ފެށިއެވެ.
“އަހަންނާ ވާހަކަ ނުދައްކަންތައް ތިހުންނަނީ” ފަރުހާނު ތަންކޮޅެއް ބޮޑަށް ބޯއަރިކޮށް އަރުފީނުގެ މޫނަށް ބަލާލަމުން ބުންޏެވެ. އެހިނދު ފަރުހާނަށް ބަލާލި އަރުފީނު ލުއިގޮތަކަށް ހިނިތުންވެލިއެވެ.
“ރީތިކުދިން ދުށިން، އެކަމަކު ތިޔަފަދަ ރީތިކަމެއް ދުށް މީ ފުރަތަމަ ފަހަރު، ތި ހިނިތުންވުމުން އަހަރެންގެ ހިތް ނެގިނެގިފައި ޖެހޭކަން އެނގޭތަ” ފަރުހާނުގެ ވާހަކަތައް ހުރިގޮތުން ކުރިއަށްވުރެ ބޮޑަށް އަރުފީނަށް ހީނލެވުނީ އެއީ ފަރުހާނު ކުރާ ސަމާސާއެއްކަމުގައި ހީވެގެންނެވެ. އެވަގުތު ކުއްލިއަކަށް ރެއިލިންގައި އަޅުވާލާފައި އޮތް އަރުފީނުގެ އަތުގައި ފަރުހާނު ހިފަމުން އެ އަތް ގެނެސް އޭނާގެ މޭގައި ޖައްސާލިއެވެ. ފަރުހާނުގެ މި ޢަމަލުން އަރުފީނަށް ސިހުންލިބުނެއްކަމަކު އެ ދެ ލޮލުން ހީވީ ފަރުހާނުގެ ވާހަކަތަކަށް ހެކިވާހެނެވެ. ކަންބޮޑުވެ ނިކަން އަވަހަށް ފަރުހާނުގެ މެއިން އަތްތިލަ ނެގުމާއެކު ފޮޅުވާލިއެވެ.
“ކިހިނެއްވީ؟ އަހަރެން ދޮގު ހެދީކަމަށްތަ ހީކުރީ… އަސްލު ވެސް އަރުފީނު ފެންނުމުން އަހަންނަށް މިވާގޮތެއް ނޭނގޭ…”
“ފަރުހާނު…” އަރުފީނު ބޭނުންވަނީ ފަރުހާނުގެ ވާހަކަތައް ހުއްޓާލުމަށްކަން ޚުދު ފަރުހާނަށް ވެސް އެނގެއެވެ. އޭނާގެ ވާހަކަތަކަކުން އަރުފީނުގެ ހިތް ލެނބިދާނެކަމަކަށް ކުރިން ވެސް އޭނާ ހިޔެއްނުކުރެއެވެ. އެހެންނަމަވެސް ފަރުހާނު ދުށް އެންމެ ތަފާތު އަންހެންކުއްޖަކީ އަރުފީނެވެ. އެ އަންހެންކުއްޖާގެ ފަރާތުން ކަމުދާ ސިފަތަކެއް އޭނާއަށް ފެނިއްޖެއެވެ. ހަޤީޤަތަކީ އެހެންމީހެއްގެ ހައްޤަކަށް އޭނާ އަތްލާން މަސައްކަތްކުރަން ބޭނުންނުވާނެކަމެވެ. ވަކިވެފައި ދެ ހިތުގެ ލޯބި އަނބުރާ ގުޅުވައިދިނުމަކީ މިހާރު އޭނާގެ އެންމެ ބޮޑު އަޒުމެވެ.
“އަރުފީނުގެ ހަޔާތުގައި ޚާއްޞަ މީހަކު ހުރީތަ؟ ނެއް ދޯ” ފަރުހާނު ނިކަން ގަޔާވެލާފައި އަނެއްކާ ވެސް ވާހަކަދައްކަން ފެށިއެވެ.
“ކީއްކުރަން ފަރުހާނު އެކަން ބަލަނީ”
“އެއީ ތިހިތުން ޖާގައެއްލިބޭތޯ” މިހެންބުނެ ފަރުހާނު ހީނގަތެވެ.
“އާން! ހުރޭ އެފަދަ މީހަކު، އެކަމަކު ފަރުހާނު ގާތު ބުނާކަށް ގަސްދެއްނުކުރަން”
“އަހަރެންގެ ކައިރިން ސަލާމަތްވާންތަ ތިހެން ތިބުނީ… ނުވާނެ ތިކަމެއް، އަހަންނަށް ޕްރޫފް ނުފެންނަހާ ހިނދަކު އަރުފީނުގެ ފަހަތުން ދެވޭނެ އިނގޭ…”
“ފަރުހާނަކީ އެކަހަލަ ޒުވާނެއްތަ؟ ލޯއްބަކީ ނުރުހުމުގައި ލިބޭނެއެއްޗެއް ނޫން، ހަމައެގޮތަށް ލޯއްބިނެތް މީހަކަށް ހިތުން ޖާގަ ދޭނީ ކިހިނެއް”
“އެހެންވެތަ ރުހައިލަށް އެ ފުރުޞަތުނެތީ…” ފަރުހާނު މިހެން އެހުމާއެކު ވަގުތުން އަރުފީނު ހުއްޓުމަކަށް އައެވެ. އަދި އަތުގައި އޮތް ކޮފީމަގުގައި ދެއަތްތިލަ ވަށާ ބާރުކޮށްލިތަން ވެސް ފަރުހާނަށް ފެނުނެވެ.
“ސޮރީ… ހިތްހަމަނުޖެހޭ އެއްޗެއް ދޯ މި ބުނެވުނީ.. ސޮރީ އިނގޭ…”
ކުދިކުދި ކަންތައްތަކުން ފަރުހާނަށް އަރުފީނުގެ ހިތުގައިވާ އެއްޗެއް އޭނާ ނުބުނިކަމުގައި ވިޔަސް ހާމަވެ އެނގެމުން ދިޔައެވެ. އެހެންވެ އޭނާއަށް ދެން ހަދަންވީ ކިހިނެއްކަން ވެސް ވިސްނައިގަންނަން ފަސޭހަވެގެން ދިޔައެވެ. ބޯންތިބި ކޮފީތަށި ހުސްވުމުން އެންމެ ފުރަތަމަ ވެސް ހާމަފެންޑާއިން ދިއުމަށް ތެދުވީ އަރުފީނެވެ. ރުހައިލު އެތަނުން ދިޔައީ ފަރުހާނާއެކު އެކަނިވެލުމަށް ވަގުތު ދީފައިކަން އޭނާގެ ޟަމީރު ޤަބޫލުކުރެއެވެ. ހިތްހަމަނުޖެހުނެއްކަމަކު މިވަގުތު އަރުފީނަށް ވެސް ގޮތެއް ނިންމަން ހުރީ ނޭނގިފައެވެ. މުޅި ނަފުސު އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި ވާކަމުގައި އަރުފީނަށް އިހުސާސްކުރެވެއެވެ. ނަމަވެސް ރުހައިލު ކިތަންމެ މަޖުބޫރުކުރިޔަސް އޭނާގެ ހަޔާތަށް އެހެންމީހަކު ގެންނާކަށް ބޭނުމެއްނޫނެވެ. ކިތަންމެ ދިގު އިންތިޒާރެއް ކުރަންޖެހުނުކަމުގައި ވިޔަސް އޭނާ ރުހައިލަށް އިންތިޒާރުކުރާނެއެވެ. މަލީކުގެ ހިތް އޭނާގެ މައްޗަށް މަޑުވެ އެ ހިތުން އޭނާ ޤަބޫލުކުރަންދެން ކެތްތެރިވާނެއެވެ.
އަރުފީނު ގެއަށް ގެންގޮސްދިނުމަށް ރުހައިލު އުޅުމުން އޭނާ އެކަމާ ދެކޮޅު ހެދިއެވެ. އަދި އޭނާ ބަލާ އެބަ އާދޭ ކަމުގައި ބުނެ ދަބަސް ހިފައިގެން ޕޯޓިކޯގެ ހަރުފަތްތައް ގިރާކޮށް ގޭޓާ ދިމާއަށް އަރުފީނު ދިޔައެވެ. ރުހައިލު ކުރިއަށް ހިނގައިގަންނަން އުޅުމުން އޭނާގެ ކޮނޑުގައި އަތްޖައްސާލި ފަރުހާނު ބޮލުން އިޝާރާތެއްކޮށްލިއެވެ. އެއާއެކު ރުހައިލު ހުރި ފިޔަވަޅުމަތީ މަޑުކޮށްލައިގެން ހުރީއެވެ. ފަރުހާނު ދުވެލާފައި އައިސް އަރުފީނާ އަރާ ހަމަކުރިއެވެ.
ގޭޓުކައިރީ އަރުފީނާ އެކިވާހަކަ ދައްކަން ފަރުހާނު މަޑުކޮށްލައިގެން ހުއްޓާ ޕްރައިވެޓް ކާރެއް އައިސް މަޑުކޮށްލިއެވެ. ތިރިކޮށްލި ދޮރުފަތުގެ ބިއްލޫރިގަނޑުން އުނައިސްގެ މޫނު ފާޅުވެގެން ދިޔައެވެ.
“އަރުފީ… ލެޓްސް ގޯ…” އުނައިސް ބުނެލިއެވެ. އޭނާއަށް ބަލަން ފަރުހާނު ހުރީ ވަރަށް ފުން ނަޒަރަކުންނެވެ. އަރުފީނާ އުނައިސްއާ އޮތް ގުޅުމެއް ހޯދަން ފަރުހާނު ބޭނުންވިއެވެ. ހަމައެއާއެކު ކާރު ދުއްވާލުމުގެ ކުރިން އުނައިސް ވެސް ފަރުހާނަށް ބަލާލީ މަރުޚަބާކިޔުމުގެ ނަޒަރަކުން ނޫނެވެ. އެކަން ފަރުހާނަށް ފާހަގަވިއެވެ.
“އޭނާގެ ނުފޫޒުތަ އަރުފީނުގެ މައްޗަށް ފޯރަނީ… ނޫނީ ހަމަ މަލީކުއަންކަލްބާ…” އަރުފީނު ކާރަށް އެރުމުން ލަސްތަކެއްނުވެ ފަރުހާނުގެ ލޯމަތިން ކާރު ގެއްލިއްޖެއެވެ. އެހިނދު ފިކުރެއްގައި ހުރެ އަމިއްލަ ނަފުސާ ސުވާލުކޮށްލެވުނީ ކައިރީގައި މީހަކު ހުރި ނަމަ އޭނާއަށް ވެސް އަޑުއިވޭނޭހާ ބާރަށެވެ.
ދެތިން ދުވަހެއްގެ ތެރޭގައި އުނައިސްއަކީ އަރުފީނާ ކިހާ ގާތްމީހެއްކަން ފަރުހާނަށް އެނގިގެން ދިޔައެވެ. އަރުފީނުގެ ވާހަކަތަކުންނެވެ. ހަޤީޤަތުގައި އެ ދެމެދުގައި އޮތީ ކޮއްކޮއަކާއި ބޭބެއެއްގެ ދެމެދު އޮންނަ ފަދަ ގުޅުމެއްކަން ފަރުހާނަކަށް ވެސް ރުހައިލަކަށް ވެސް ނޭނގެއެވެ. ރުހައިލުގެ ވާހަކަތަކުން އެންމެ ފުރަތަމަ އަރުފީނު އޭނާއާ ދުރަށްދާން މަސައްކަތްކުރިއިރު ވެސް އުނައިސް ފެނިފައިވަނީ އަރުފީނާ ވަރަށް ގާތުންނެވެ. އަނެއްކާ އުނައިސްގެ ކާރުގައި އަރުފީނު ފެނުމަކީ ރުހައިލު އެއްގޮތަކަށް ވެސް ހިތްހަމަޖެހޭ ކަމެއް ނޫނެވެ. ޚާއްޞަކޮށް އަރުފީނުގެ ގޭތެރެއިން އުނައިސް ފެނުމުން އޭނާގެ ބެލުމުގައި ފޮރުވިފައިވާ ކަމެއް ވާކަން ރުހައިލަށް ވެސް ވަނީ ނަގައިގަނެވިފައެވެ.
“ހީޒް ވެރީ ޕްރޮޓެކްޓިވް….” އަރުފީނާ މެދު އުނައިސް ބަހައްޓާ ގާތްގޮތް ސިކުނޑީގައި ކުރެހެމުން ދިޔައިރު ފަރުހާނަށް ބުނެލެވުނެވެ.
“އޭނާ އަރުފީނުގެ ގައިގާ އިނގިލިކުރި ޖައްސާލިޔަސް ނިމުނީ…” ރުޅިވެރި ގޮތަކަށް ރުހައިލު ބުނެލުމާއެކު މުއްކާވާލި އަތުން އަނެއްއަތުގައި ޖަހާލިއެވެ.
“އޭނާގެ ގޮތް ވެސް އަހަރެން ހޯދާނަން… ގިވް މީ ސަމް މޯ ޓައިމް” ފަރުހާނު ބުނެލިއެވެ.
ކުރިއަށް އައި ދުވަސްތަކުގައި ފަރުހާނުގެ މަސައްކަތަކަށް ވެފައި އޮންނަނީ އަރުފީނު އުޅޭނޫޅޭގޮތް ބެލުމެވެ. ހީވަނީ އޭނާގެ މުޅި ދިރިއުޅުން ހުރި ގޮތް ހިތުދަސްކުރަން އުޅޭ މީހެއްހެންނެވެ. ރުހައިލުގެ ގެއަށް އަންނައިރު ކޮންމެ ދުވަހަކު ވެސް ފަރުހާނު އެގޭގައި އިނދެއެވެ. އެކަމާ އުނދަގޫވިޔަސް އަރުފީނަށް އެއްޗެއް ބުނަން ނުކެރޭނޭކަން މިހާރު ފަރުހާނަށް ވެސް އެނގެއެވެ.
“އަހަންނަށް ޖަވާބެއް ދީބަލަ… އަހަރެން އަރުފީނާ ގުޅެން ބޭނުން، ހަޔާތުގެ ބައިވެރިއަކަށް ހަދަން ބޭނުން” އެކަހެރިވެލާނޭ ފުރުޞަތެއް ހޯދައިގެން ފަރުހާނު ބުނެލިއެވެ.
“ފަރުހާނު ތިހެން އުޅެނީ ކީއްވެތަ؟ ރުހައިލު ބުނެގެންތަ؟ އޭނާ އަހަރެންގެ ހަޔާތަށް މީހަކު ގެންނަން މަސައްކަތްކުރިޔަސް އަހަރެން އަދި ބޭނުމެއްނޫން… ފަރުހާނަށް އަހަރެން ނޫނަސް ރަނގަޅުކުދިންވާނެ… ޕްލީޒް… އިތުރަށް ދެން އަހަރެންގެ ގާތުގައި ނާހަފާނަންތަ؟ އަހަރެންގެ ޖަވާބު ދުވަހަކު ވެސް ބަދަލެއްނުވާނެ”
“ތިބުނާ ޚާއްޞަމީހަކީ ކޮބާތަ؟ އެއީ ރުހައިލަށް ނުވަންޏާ އެމީހަކީ އަރުފީނު ބަލާ އައިސް ކާރުގައި އިންނަ ޒުވާނާތަ؟ އޭނާއަށް ބަލާލާފައި އެނގޭ އަރުފީނަށްވުރެ އޭނާ މާ ދޮށިވާނޭކަން… އަހަރެން ކުރިން ވެސް ބުނީމެއްނު، އަރުފީނު ތިބުނާ ޚާއްޞަމީހަކީ ކާކުކަން ބުނަނިކޮށް އަހަރެން އަރުފީނަށް އުނދަގުލެއް ނުކުރާނަމޭ… އެއީ އެހާވަރުން މީހަކަށް ނުކުރެވޭނޭވަރު ކަމެއްތަ؟ ކޮންމެ މީހަކު ވެސް ހިތުގައި އޮތް އެއްޗެއް ފާޅުކުރަނީ ވަރަށް ބޮޑު ހިތްވަރަކާއެކު، އެ ހިތުގެ އިހުސާސްތަކުގައި ކޮޅުފައިންޖަހާ ބުރުވާލާއިރު އެއްފަހަރު ވެސް އެ ހިތަށް ޤަބޫލުކުރެވޭވަރުގެ ސަބަބެއް ދައްކައިދޭނަމަ ލިބުނު ވޭން ތަހައްމަލުކުރަން އެހިތް ދަސްކުރާނެ، ދެވަނަ ފަހަރަށް ޒަހަމްވެފައި އޮވެ ދެމެމުން ވިޔަސް އައިސް އާދޭހެއްނުކުރާނެ… އަރުފީނަކީ އެހާ ރަޙުމްކުޑަ އަންހެންކުއްޖެއްތަ؟ އެހެންމީހުންގެ އިހުސާސްތަކަށް ކުޑަވެސް އިހުތިރާމު ކުރުމެއްނެތީތަ؟”
“ފަރުހާނަކަށް ނުވިސްނޭނެ… އެހެންވެ ތިގޮތަށް ތިވާހަކަދައްކަނީ…”
އަރުފީނު ނިކުމެގެން ދިއުމާއެކު ފަރުހާނު ހުރީ ފާރައަށެވެ. އުނައިސް އަންނާނެ އިރަކަށެވެ. އޭނާއާ ކުރިމަތިލާން ފުރިހަމައަށް ތައްޔާރުވެގެންނެވެ. ގިނައިރެއްނުވެ އަރުފީނު ބަލާ އައި އުނައިސް ކާރު މަޑުކޮށްލުމާއެކު ފަރުހާނު އައިސް ކާރުގެ ކުރީ ދޮރުކައިރީ މަޑުކޮށްލިއެވެ. އޭރު އަދި އަރުފީނަށް އެހިސާބަށް ނާދެވެއެވެ. އަވަސް އަވަހަށް ދޮރުގެ ބިއްލޫރިގަނޑުގައި ޓަކިޖަހާލިއެވެ. އޭރު ކާރުގައި އިން އުނައިސްއަށް މީހެއްގެ ހިޔަންޏެއް ވެގެން ބަލާލި ގޮތަށް ދޮރުކައިރީ ހުރި ފަރުހާނު ފެނެއެވެ. އޭނާގެ އިޝާރާތުން ބިއްލޫރިގަނޑު ތިރިކުރަންކަން އެބުނަނީ އެނގުމުން އެގޮތަށް އުނައިސް ޢަމަލުކުރިއެވެ.
“ތިއީ އަރުފީނުގެ ކޮންމެ މީހަކަށް ވިޔަސް އަހަރެން ވާހަކަދައްކާލަން ބޭނުން، އަރުފީނާއި ރުހައިލާ ބެހޭގޮތުން… އެ ދެމީހުންނަކީ ވަކިކުރެވޭނެ ދެމީހުނެއްނޫން، އެކަމަކު މަށަށް ހީވަނީ ކަލޭ އެކަމެއް ބޭނުމެއްނުވާހެން، އަރުފީނަށް އެހާ ބޮޑު ބަދަލެއް އައިސްގެން އެއުޅެނީ ކަލެއާ ހެދިކަން އަހަންނަށް ޔަޤީން… އެންމެ ރަނގަޅުވާނީ މިކަމުގެ ތެރެއަށް އަރުފީނު ނުވައްދާ އަހަރުމެން ދެމީހުންގެ މެދުގައި މިކަން ވަކިގޮތަކަށް ނިންމުން… ހީނުކުރާތި އަހަރެން ކަލެއަށް ދޫކޮށްލަ ފާނެއޭ… އަހަރެން މިހިރީ ކޮންމެ ގޮތަކުން ވެސް ރުހައިލަށް އަރުފީނު ހޯދާދޭން، އަން! މިއޮތީ އަހަރެންގެ ކާޑު… އަހަރެން ކަލޭގެ ފޯނުކޯލަށް މިހާރުއްސުރެން ވަގުތުގުނަން މިފެށީ…”
ފަރުހާނުގެ އަޑުގައި ހުރި ރުޅިވެރިކަން އުނައިސް ހައިރާންކުރުވިއެވެ. އެހެންނަމަވެސް އޭނާގެ ވާހަކަތައް އަޑުއިވިފައި އުނައިސްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނާގެ ދުލުގައި އަރުފީނު އަޅުވާފައި އޮތް ހިލިހިލާ ބުރިބުރިވެ މިނިވަންވެއްޖެއެވެ.
ކޮނޑުގައި އޮތް ދަބަސް ރަނގަޅުކުރަމުން ގޭޓާ ދިމާއަށް އައި އަރުފީނަށް ގޭޓުކުރިމަތީ އޮތް ކާރުގައި އިން އުނައިސް އާއި އޭނާއާ ދިމާ ކުރިމަތިން އަންނަ ފަރުހާނު ލޮލުގައި އަޅައިގަތެވެ. ފަރުހާނުގެ ނަޒަރު ހުރީ އަރުފީނާ ސީދާވެފައެވެ. ގަސްދުގައި ނުބަލަންވެގެން އަރުފިނޫ އަތުގައި އޮތް ފޯނާ ކުޅެމުން އައެވެ.
“ދަނީތަ؟ ދެން އަނެއްކާ ވެސް ފެންނާނީ މާދަން ދޯ…” ފަރުހާނު ކައިރިން އަޅާފައި އަރުފީނު ދަނިކޮށް ބުނެލިއެވެ. ޖަވާބެއްގެ ގޮތުން އަރުފީނު އަވަސް ނަޒަރެއް ފަރުހާނާ ބަދަލުކޮށްލަމުން ބޯޖަހާލިއެވެ. އަދި ހަލުވިކޮށް ކުޑަކޮށް ދުވެލާފައި ކަހަލަ ގޮތަކަށް ގޭޓާ ދިމާއަށް އައެވެ.
“ހާދަ ހިނިއައިސްފައި….” ކާރު ދޮރުގެ ބިއްލޫރިގަނޑު ތިރިކޮށްލައިގެން ފަރުހާނަށް ބަލަން އިން އުނައިސް މާ ރީއްޗަކަށް ހިނިތުންވެލައިގެން އިނުމުން އަރުފީނު އަހާލިއެވެ.
“އެއީ ކާކުތަ؟” އަރުފީނު ކާރަށް އަރާ ހަމަޖެހިލުމާއެކު އުނައިސް އަހާލިއެވެ. އަދި ދޮރުގެ ބިއްލޫރިގަނޑު މައްޗަށް އަރުވާ ލައްޕާލުމާއެކު ކާރު ދުއްވާލިއެވެ.
“ފަރުހާނު…” ފޯނަށް ބަލަހައްޓައިގެން އިނދެ ފަރުވާކުޑަގޮތަކަށް އަރުފީނު ބުނެލިއެވެ.
“ވަރަށް ސްމާޓު… ހީވޭ ރުހައިލަށް ވުރެ ވެސް ސްމާޓުހެން، އަރުފީއާ ވަރަށް ގުޅޭ” ސަމާސާ ގޮތަކަށް އުނައިސް ބުނެލިއެވެ. ވަގުތުން އަރުފީނު ބަލާލިއެވެ. ފަހަރެއްގައި އުނައިސްގެ ބޭނުމަކަށްވީ އަރުފީނުގެ ސަމާލުކަން ހޯދުން ކަންނޭނގެއެވެ. އެހެންނަމަ، އެކަން ވެއްޖެއެވެ.
“ފަރުހާނު އެއްޗެކޭ ބުނީތަ، އޭނާ އުނައިސްއާ ވާހަކަދެއްކީތަ؟”
“ހާދަ ވަރެއްތިވީ… އަނެއްކާ ރަނގަޅަށްތަ މިބުނެވުނީ… ފަރުހާނަކީ އެހާ ގާތް މީހެއްތަ”
“ނޫން، އެއްވެސް ގާތެއްނޫން، ހުރިހާ ވެސް ކަމަކީ ރުހައިލު… އޭނާ އެ އުޅެނީ މޮޔަވެގެން، ކުރާނެކަމެއް ނޭނގިގެން، އަހަރެން މީހަކާ އިންނަންވީމަ އެނގޭނީ އަހަންނަށް…”
“އޭތް! އޭތް!…. އަދި ރުޅި އަންނާކަށް ނުވެއެއްނު، އިހަށް ތި ވެގެން އުޅޭގޮތެއް ކިޔައިދީބަލަ”
“ރުހައިލު މޮޔަވީ، އޭނާ ބޭނުންވަނީ އަހަރެން ވެސް މޮޔަކޮށްލަން….”
“އަރުފީނު ރުޅިމަޑުކޮށްފައި ކިޔައިދީބަލަ”
“އަހަރެން ރުޅިއެއް ނާދޭ، ބައެއް ފަހަރު ހިތަށް އަރާ އަހަންނާ ހެދިއޭ މިހުރިހާކަމެއް މިވަނީ… ރުހައިލު ބޭނުންވަނީ އޭނާ ނައިރާއަށް އިންނަން ޖެހުނީތީ އެކަމުގެ ބަދަލު…. އޭނާ މަސައްކަތް އެކުރަނީ އަހަންނާ ފަރުހާނު ގުޅުވަން، ފަރުހާނު ވެސް ބޭނުންވަނީ އެގޮތް، އޭނާ ބޭނުންވަނީ އަހަންނާ ކައިވެނިކުރަން…. އަހަރެން ފަރުހާނާ ކައިވެނި ކުރުމުން ރުހައިލަށް ކެތްވިޔަސް އެއީ އަހަންނަށް ކެތްކުރެވޭނޭކަމެއް ނޫން، އަހަންނަށް އެހެން މީހަކާއެކު ނޫޅެވޭނެ… މިހާ ދުވަސްވީއިރު މިހިތް ބަދަލެއްނުވި، އަދިވެސް އެ ހިތުގައި ވަނީ ރުހައިލު، ބައެއްފަހަރު ހީވޭ ރުހައިލު ވެސް އޭނާގެ ޢަމަލުތަކާ މެދު ދެރަވާހެން، އެކަމަކު ގޮތްދޫކުރަން ބޭނުންނުވަނީ… ޝާރުދާ ދައްތަ ގާތު ވެސް މިހާރު ދައްކައިފި އަހަރެން މީހަކާ އިންނަން އުޅެނިއްޔޭ، އަހަރެން މީހަކާ އިންނަ ދުވަހު ރުހައިލު ވެސް މީހަކާ އިންނާނަމޭ…. އެހެންވީމަ ބުނެވޭނީ ރުހައިލު އެހެރީ މޮޔަވެފައެއްނު، އަދި އަހަރުމެން ގެއަށް އަންނާނަމޯ ކައިވެނީގެ ވާހަކަދައްކަން… ސީދާ ބައްޕައާ ބައްދަލުކޮށް ފަރުހާނު ކައިވެނިކުރަން ބޭނުންވާކަން ހުށަހަޅާނަމޯ، ބައްޕަ ޤަބޫލުކުރާނެއޭ ވެސް ބުނި ރުހައިލު ބުނެފިއްޔާ…. އަހަރެން ހަމަ ރަނގަޅަށް ވެސް މޮޔަވެދާނެ އޭނާއާ ހެދި”
“ތީ ދެ މޮޔައިން…. އެކަކު އަނެކަކުދެކެ ތިވަރަށް ލޯބިވާއިރު އެކަން ނުބުނަން މިހާރު ތި ތިބެނީ، އެކަކު ވެސް ގޮތްދޫކޮށްގެން ނުވޭ، ރުހައިލު ވެސް މިހާރު އެހެރީ އަރުފީނު އޭނާ ހުއްޓުވާތޯ، ހަމައެގޮތަށް އަރުފީނު ތިހުންނަނީ ރުހައިލު އަމިއްލައަށް އެކަން ހުއްޓާލާތޯ… ދެމީހުން ކުރެ އެކަކު ވެސް ތިކަމުގައި ކުރިއަށް ފިޔަވަޅެއް ނާޅަންޏާ ހަމަ ދެރަވާނީ ތިޔަ ދެމީހުން… އެންމެފަހުން ފަރުހާނާ އިންނަން ޖެހިއްޖިއްޔާ އަރުފީނު އެކަން ވެސް ކުރާނެކަންނޭނގެ” އުނައިސް މިހެން ބުނެ ދެފަރާތަށް ބޯހޫރާލިއެވެ.
ތިންފިއްތާލަމުން މޮޅިވެރި ގޮތަކަށް އަރުފީނު މޫނު އަނބުރާލިއެވެ. ފިކުރުތަކުގެ ތެރެއަށް ގެއްލިފައި އިނީ މަގަށް ނަޒަރު ހުއްޓާލައިގެންނެވެ.
ޝާރުދާ އައިސް ކޮނޑުގައި އަތްލުމާއެކު ރުހައިލު ކާކުތޯ ބަލާލަން އެނބުރުނެވެ. ހާމަފެންޑާގައި ހުރި ސޯފާގައި އިން ރުހައިލު ކުރިމަތީ ހުރި ކުޑަމޭޒުމައްޗަށް ދެފައި އަރުވާލައިގެން އިނެވެ. އޭރު ހިޔާކޮށްފައި ހުރި ބައިގެ ބޭރުގައި ފަރުހާނާއެކު ޔަލާ އުޅެއެވެ.
“ކަމަކުތޯ މަންމާ” ދެފައި ތިރިކޮށްލަމުން ހަށިގަނޑު ތެދުކޮށްލި ރުހައިލު އަހާލިއެވެ.
“ދަރިފުޅުމެން މިތަނުގައި ތިބީމަ މަންމަ ވެސް އައީ” ޝާރުދާ އައިސް ރުހައިލުގެ މޫނު ފެންނާނޭހެން ހުރި ގޮނޑީގައި އިށީނެވެ. އަދި ފަރުހާނާއެކު ކުޅެން އުޅޭ ޔަލާއަށް ބަލަން އިނދެފައި ހިނިތުންވެލިއެވެ.
“ފަރުހާނާތަ އަރުފީނު އިންނަން އުޅެނީ”
“މަންމަ ގާތު އަރުފީނު އެއްޗެއް ބުނީތޯ”
“އެކުއްޖާއެކޭ ރުހައިލެކޭ ތަފާތެއް އެބަހުރިތަ؟ ރުހައިލު ވެސް މަންމައާ ކަންތައްތައް މިހާރު ޙިއްޞާއެއް ނުކުރަމެއްނު، ދަރިފުޅު މީހަކާ އިންނަން ބޭނުންނުވާ ސަބަބެއް މަންމައަށް އަދިވެސް އޮޅުމެއްނުފިލާ… ދަރިފުޅާ ކަމުދާ ކުއްޖަކު ހުރިއްޔާ އެކަން ވެސް މަންމަ ގާތު ބުނެބަލަ، މަންމަ ވަރަށް އިތުބާރުކުރަން ދަރިފުޅަށް، އެހެންވީމަ އެނގޭ ދަރިފުޅުގެ ހޮވުމެއް ގޯހެއްނުވާނެކަން… އެނގޭތަ، ފަރުހާނަކީ ވަރަށް ރަނގަޅު ކުއްޖެއް، މަންމަ ވަރަށް ހިތްހަމަޖެހޭ އަރުފީނާއި ފަރުހާނު ގުޅުނީމަ، އަރުފީނަކީ ވެސް އެހާ ރަނގަޅު ކުއްޖެއް، މިހާރު ވަރަށް މަދުވާނެ އެކަހަލަ އަންހެންކުދިން، މަންމަގެ ހިތްބުނަނީ އެއީ ދަރިފުޅު ކުރުވިކަމެކޭ… ދޯ… ދަރިފުޅު ދޯ އެ ދެމީހުން ގުޅުވައިދިނީ” ޝާރުދާގެ ވާހަކަ އަޑުއަހަން އިސްޖެހިފައި ކަހަލަ ގޮތަކަށް އިން ރުހައިލު މަޑުމަޑުން ބޯޖަހާލިއެވެ. ފަހަރެއްގައި އެ ދެ ލޮލުން އޭނާގެ ހިތުގެ ހާލު އެނގިދާނޭތީ މަންމައާ ނަޒަރު ސީދާކޮށްލަން ރުހައިލަށް ނުކެރުނީއެވެ.
“މިހާރު ދެން ކައިވެނިކުރާ ދުވަސް ކަނޑައަޅައިފިތަ؟ ދަރިފުޅު ވެސް ބުނެފައެއްނު އޮތީ އަރުފީނުގެ ކައިވެންޏާއެކު ދަރިފުޅުގެ ކައިވެނި ވެސް ކުރަން….”
“ދުވަސް ކަނޑައެޅުނީމަ މަންމަ ގާތު ބުނާނަން، މަންމަ ރުހިލައްވާ ކޮންމެކުއްޖަކާ އަޅުގަނޑު ކައިވެނިކުރާނަން”
“ދަރިފުޅު ނައިރާއާ ވެސް އިނީ މަންމަމެނަށް ނައިރާ ކަމުގޮސްގެން، އަނެއްކާ ވެސް މަންމަމެން ކުއްޖަކު ހޯދަންވީތަ؟ ދަރިފުޅަށް ކަމުދާ ފަދަ އެންމެ ކުއްޖަކާ ވެސް ދިމާ ނުވަނީތަ؟” ހިތުގައި އުފެދިފައި އޮތް ސުވާލެއް ޝާރުދާ ބޭރުކޮށްލިއެވެ.
“ކުރިން ވެސް މަންމަމެން ނޫންތޯ އަޅުގަނޑަށް ބައިވެރިއަކު ޚިޔާރުކޮށްދެއްވީ، އަޅުގަނޑަށްވުރެ ބޮޑަށް ދިރިއުޅުމުގެ ކަންކަން އެނގިލައްވާނީ މަންމަމެނަށް، އަޅުގަނޑަށް އެންމެ ރަނގަޅު އެއީ ކޮންމެ އަންހެންކުއްޖެއް ނަމަވެސް….އަޅުގަނޑު އަމިއްލައަށް ބައިވެރި ހޮވުމަކީ އެހާ މުހިއްމުކަމެއް ނޫން ކަންނޭނގެ” ރުހައިލުގެ ވާހަކަ ހުރި ގޮތުން ޝާރުދާއަށް ބުނެދޭން ނޭނގޭ ގޮތްތަކެއް ވެގެން ދިޔައެވެ. ދުވަހަކު ވެސް މީގެ ކުރިން ހީކުރެވިފައިނުވާ އެތައް ކަންތައްތަކެއްގައި ސުވާލުމާކު ޖެހިގެން ހިތާއި ސިކުނޑީގައި ބޮނޑިވެގަތެވެ. ރުހައިލު އަމިއްލައަށް ބައިވެރިއަކު ހޮވަން ބޭނުންނުވާންވި ކީއްވެބާއެވެ. ނައިރާއާ ކުރެވުނު ކައިވެނީގެ ސަބަބުން ދިރިއުޅުމަށް ތިމާއަށް ޚާއްޞަ މީހަކު ޚިޔާރުކުރުމުގެ އިޚުތިޔާރު ރުހައިލުގެ އަތުން ނިއުޅައިގަނެވުނީބާއެވެ. ދިރިއުޅުން ދެކެ އެހާ ފޫހިވެފައިވަނީ އެހެންވެބާއެވެ. ނޫނީ ރުހައިލު ބޭނުންވާ ފަރާތަކީ އެހެންމީހެއްގެ ހައްޤެއްބާއެވެ. މިއީ ޝާރުދާގެ އިހުސާސްތަކެވެ. ދަރިފުޅުގެ އިސްޖެހިފައިވާ މޫނަށް އިރުކޮޅަކު ބަލަން އޭނާ އިނދެވުނެވެ.
“ދަރިފުޅުގެ ނިންމުމަކާ ދުވަހަކު ވެސް މަންމަ ދެކޮޅެއް ނުހަދަން، މަންމަ ވަރަށް އުފާވާނެ ދަރިފުޅު ބޭނުންވާފަދަ ބައިވެރިއަކު ހަޔާތައް ގެނައިވިއްޔާ، ހުރިހާ ގޮތަކުން ވެސް އެކުއްޖަކީ މަންމަގެ ޅީދަރިއެއްގެ ގޮތުގައި ޤަބޫލުކުރާނަން” ޝާރުދާއަށް ބުނާނެ އެއްޗެއް ނޭނގުނެއްކަމަކު ރުހައިލަށް އޭނާގެ އިތުބާރު ދެވޭތޯ އުޅުނެވެ.
“މާމީ… ލެޑު ފްލާވަރސް….” މުށިގަނޑުގައި ހުރި މާގަހުން ރަތްކުލައިގެ މަލެއް ފަރުހާނު ބިނދެފައި ޔަލާގެ އިސްތަށިގަނޑުގައި ޖަހައިދިނުމުން ދުވެފައި އެ ދައްކަމުން އެކުއްޖާ އައެވެ. އެއާއެކު ރުހައިލު އާއި ދެމެދުގައި ދެކެވެމުން ދިޔަ ވާހަކަ ޝާރުދާ ހުއްޓާލިއެވެ. އެތަނަށް ފަރުހާނު ވެސް އައުމާއެކުއެވެ.
ފަރުހާނުގެ ފޯނު ރިންގުވުމާއެކު އިރުކޮޅަކު ފޯނަށް ބަލަން ހުރެފައި ކަންފަތުގައި ޖައްސާލަމުން “ހެލޯ”އޭ ބުނެލިއެވެ. އެއާއެކު ފޯނުގެ އަނެއްކޮޅުން ވާހަކަދައްކަން ފެށީ އުނައިސްއެވެ. ބައްދަލުކޮށް އެދެމުން ދާންވީތަނާ ގަޑިއާ ބުނުފައި އުނައިސް ފޯނުކޯލު ކަނޑާލިއެވެ. އެއާއެކު ފަރުހާނު ބަލާލީ ރުހައިލަށެވެ.
“ދާންވީތަ؟” ފަރުހާނު ނިތްއަރުވާލުމާއެކު ރުހައިލު އަހާލިއެވެ.
“ކޮންއިރަކު އައި މީހެއްމީ…”
“ގެއަށް ގޮސް ވަކިކޮންކަމެއް އޮންނާނީ ކުރާކަށް، ޔަޤީން ކޮންމެވެސް އިނގިރޭސި ފިލްމެއް ބަލަން އޮންނާނީ” ރުހައިލު މިހެން ބުނުމުން ޝާރުދާ ވެސް ހީނލިއެވެ.
“ދަރިފުޅަށް ނޭނގުނަސް ފަރުހާނު ކުރަން ބޭނުންވާ ކަންތައްތައް ހުންނާނެއެއްނު، އަނެއްކާ ކައިވެނިކުރަން އުޅޭއިރު…” ލާނެތް ގޮތަކަށް ހިނިއައިސްފައި އިނދެ ޝާރުދާ ބުނެލިއެވެ. އެކަމުން ފަރުހާނުގެ ގާތަށް ވެސް ކުޑަކޮށް ހިނިއައެވެ.
“ތީ ހަމަ މަންމައަށް ހީވާގޮތެއް، އޭނާ ގެއަށް ގޮސް ދެފައި ދަމާފައި ނިދާނީ ނޫނީ އޮންނާނީ ފިލްމުބަލަން”
“އާން ދެން ދަރިފުޅަށް ފަރުހާނުގެ ގޮތް ބޮޑަށް އެނގޭނީ، ފަރުހާނު، ދަތި ނޫނިއްޔާ މިރޭގެ ކައުމުގައި ބައިވެރިވެފައި ގެއަށް ދާންވީނު” ޝާރުދާގެ ވާހަކައާ ރުހައިލު އެއްބަސްވެލުމުން ފަރުހާނަށް ޖެހުނީ އެއްބަސްވާށެވެ.
ޔަލާ ގޮވައިގެން ޝާރުދާ ދިއުމުން އެތަން ބަލަން ހުރި ފަރުހާނު އަވަސް އަވަހަށް އައިސް ރުހައިލުގެ ގާތުގައި އިށީނެވެ. އޭނާ އައިގޮތުން ވެސް އެއުޅެނީ ވަރަށް މުހިއްމު ވާހަކައެއް ބުނަން ކަމުގައި ރުހައިލަށް ވިސްނުނެވެ. އޭނާގެ މޫނުމަތިން ސީރިއަސްކަން ފާޅުވިއެވެ.
“މިރޭ އެނގޭނެ އަރުފީނު އެހެން އެއުޅެނީ ކީއްވެކަން، އެކަމަކު އަހަރެން ބުނާ އެއްޗެއް ރުހައިލު ޤަބޫލުކުރާނަންތަ؟”
“ކީއްވެ ޤަބޫލުނުކުރަންވީ… މިހާތަނަށް އަހަރެން ފަރުހާނުގެ އެއްވެސް ކަމަކަށް ޝައްކުކޮށްފައެއްނޯންނާނެ”
“އެނގޭ ތިކަން، އަހަރެން ބުނިން ރުހައިލަށް އަރުފީނު ހޯދާ ދޭނަމޭ، އަހަންނަށް ޔަޤީނުން ވެސް އެނގޭ ކަމަކީ އަރުފީނު އެގޮތަށް އެ އުޅެނީ ކަމެއްވެގެންކަން، ކޮންމެވެސް މީހަކު އެކަމުގެ ފަހަތުގައި އެބަހުރިކަން… އެމީހެއްގެ ނުފޫޒުންކަން ރުހައިލާ އޭނާ ގުޅެން ބޭނުންނުވަނީ، އެކަކަކީ އުނައިސް، އަނެކާއަކީ މަލީކު އަންކަލް…. ރުހައިލުގެ ބައްޕަ…. މިކަމުގެ ފަހަތުގައި ހުރީ އުނައިސް ނޫންކަމަށްވަންޏާ ދެންވާނެ ގޮތެއް އެނގެއެއްނު”
“އާން! ތިބުނަންއުޅޭ އެއްޗެއް އަހަންނަށް ވިސްނިއްޖެ، ހަޤީޤަތް އަހަރެންގެ ކައިރީ ފާޅުކޮށްގެން އަހަރެން އެމީހަކު ދޮގެއް ނުކުރާނަން…. އަރުފީނާ ދުރުގައި ހުރުމަށް އެކަކަށް ވެސް އަހަންނަށް ބާރެއް ނުފޯރުވޭނެ…. ފަރުހާނު، އަހަންނާ ހަމައަށް މިކަމުގެ ހަޤީޤަތް ގެނެސްދީ… ކާކުތޯ އެވަރުގެ ބޮޑު މަޖުބޫރެއް އަރުފީނަށް ކުރަނީ، އޭނާ އަހަންނާ ގުޅެން ބިރުން އެއުޅެނީ ކީއްވެތޯ ބަލައިދީ…”
“ދެންމެ އެ ގުޅީ އުނައިސް، އަހަރުމެން ދެމީހުން ބައްދަލުކުރާނަން މިރޭ، އޭރުން އެނގޭނެ އޭނާ ބުނާ އެއްޗެއް ވެސް”
“އޭނާ ބުނާ އެއްޗެއް އަޑުއަހަން އަހަރެން ވެސް ބޭނުން، މިރޭ ކިތަންމެ ދަންވިޔަސް އަހަންނަށް ގުޅައްޗޭ” ކެތްތެރިކަން ކުޑަގޮތަކަށް ރުހައިލު ބުނެލިއެވެ. އެއާއެކު ފަރުހާނު ބޯޖަހާލިއެވެ.
ރޭގަނޑުގެ ކެއުމުގައި އުނައިސް ބައިވެރިއެއް ނުވިއެވެ. އެހެން ހުރިހާ އެންމެން ކާމޭޒުދޮށުގައި ތިއްބެވެ. އާތިޤާ ވަރަށް ނޫން ގޮތަކަށް ޔަލާގެ ހާލު މިހާރު ކިހިނެއްތޯ އަހާލިއެވެ. ހަމައެއާ ވިދިގެން ރުހައިލު ކޮބާތޯ އާއި އޭނާ އެގެއަށް ނުގެންނަނީ ކީއްވެތޯ ވެސް އަހާލިއެވެ. އެއާއެކު ލުތުފީގެ މޫނުމަތި ދިއްލުނު ކަހަލައެވެ. ތުންފަތަށް ވެރިވެގެން ދިޔަ ލުއި ހިނިތުންވުމާއެކު ކައިރީގައި އިން ޙައިދަރަށް ބަލާލިއެވެ. އެމީހުންގެ މެދުގައި އަރުފީނާ ރުހައިލުގެ ވާހަކަ އޮތީ ދެކެވިއެވެ. ލުތުފީ އާއި އާތިޤާއަށް ހީވާ ހީވުމަކީ ތެދެއްތޯ އެނގެން އެމީހުން ތިބީ ވަރަށް ބޭނުންވެފައެވެ. ޙައިދަރު ވެސް އަރުފީނަށް ބަލާލީ ކަމެއް ދެނެގަންނަ ފަދަ ނަޒަރަކުންނެވެ. ރުހައިލުގެ ނަން އިވޭ ކޮންމެ ފަހަރަކު އެ ދަރިފުޅު މޫނުން އެތައް ކުލައެއް ފެނެއެވެ. އަދި ރުހައިލުގެ ވާހަކަދެއްކުމަށް އަރުފީނު ދުރުހެލިވާކަން ވެސް ފާހަގަކުރެވެއެވެ.
“އެމީހުން ވެސް ކިހާ ރަނގަޅު އަރުފީނަށް، އެހެންވީމަ ރުހައިލަށް މިގެއަށް އަންނަން ވެސް ދަޢުވަތުދޭންވާނެއެއްނު، އަނެއްކާ އެހެރަ ލޯބިލޯބި ފުށްކޮޅެއް ކަހަލަ ކުއްޖާ… އެކުއްޖާ ވެސް އުފަލުން މަރުވާވަރުވާނެ މިގެއަށް ގެނެސްފިއްޔާ” ތަށިތަކަށް ފެން އެޅުމަށްފަހު މޭޒު ދޮށުގައި އާތިޤާ އިށީނެވެ.
“އެއީ ތެދެއް އަރުފީނު، ބޮޑުމަންމަ އެބުނަނީ ތެދެއްނު، ޔަލާ ނިކަން ވަރު ހުރޭ އަރުފީނާ ހެދި، ކޮންމެ ދުވަހަކު އެގެއަށް ދާއިރު އެއްދުވަހު ރުހައިލުމެންނަށް ވެސް މިގެއަށް އަންނަން ދަޢުވަތު ދިނުން ގޯހެއް ނޫނެއްނު، ކީކޭ ޙައިދަރު ބުނަނީ” ގަޔާވެފައި އިނދެ ލުތުފީ ބުނެލިއެވެ.
“އަހަރެންގެ އަރުފީނު މިހާރު ހުރީ ބޮޑުވެ ޒުވާނަކަށްވެފައި، އެ ދަރިފުޅު އުފާވާ ކޮންމެ ކަމަކީ އަހަރެންގެ ހިތް ހަލާލު އެކަމެއްވާނެ ކަމެއް، ރުހައިލަކީ ވަރަށް ރަނގަޅު ޒުވާނެއް، ބައްޕައަށް އެނގިފައި އޮތްގޮތުގައި ތި ދެކުދިންނަކީ ވެސް ވަރަށް ގާތް ރަޙުމަތްތެރިން…. ދަރިފުޅު މާލޭގައި ނެތްއިރު ރުހައިލުއާ ދިމާވެއްޖެނަމަ ކޮންމެ ފަހަރަކު އަހާނެ ދަރިފުޅުގެ ވާހަކަ…”
“އެމީހުންނާ އަޅުގަނޑުމެންނާ ވަރަށް ތަފާތު، ހުރިހާ ގޮތަކުން ވެސް ތަފާތު…. އަޅުގަނޑު ކައި ނިމުނީ، ވަރަށް ބޮލުގައި ރިއްސާތީ މިއުޅެނީ، އަޅުގަނޑު ދަނީ ނިދާލަން….” ފައްޗަކަށް ބުނެލާފައި އަރުފީނު ތެދުވިއެވެ.
“އަރުފީނު…” ނިކަން ދަމާލާފައި އާތިޤާ ގޮވާލިއެވެ. އެހެންނަމަވެސް އަރުފީނު މަޑެއް ނުކުރިއެވެ.
“ވަރުގަދަ ދަރިއެއްމީ، މީހަކާ އިންނަ ވާހަކަ ދެއްކިނަމަ އަދި ކިހާވަރެއްވާނެ….” އާތިޤާ ދެފަރާތަށް ބޯހޫރާލިއެވެ.
“އަހަރުމެންގެ ކުރިމަތީ އެވާހަކަ އާތިޤާ ދެއްކީމަ ލަދުންކަންނޭނގެ އެދިޔައީ” ހީނލާފައި ލުތުފީ ބުނެލިއެވެ.
“ރުހައިލުގެ ފަރާތުން އެކަހަލަ އިޝާރާތެއް ނުވަނީސް އެފަދަ ނިންމުމެއް އަހަރުމެން ނިންމާކަށް ނުވާނެ ދޯ، އެ ދެމެދުގައި އެކަހަލަ ގުޅުމެއް އޮންނަކަން ވެސް ޔަޤީންވާނެ ގޮތެއް ނޯންނާނެ، އަރުފީނެއް ނުބުނާނެ… އެހެންނެއްނޫން އޭނާ ވެސް މީހަކާ އިންނަންވީމާ ޖެހޭނީ އައިސް ބުނަންތާ…. އެ ދުވަހަކުން ކަންނޭނގެ އެނގޭނީ އަރުފީނު ޚިޔާރުކުރި ބައިވެރިއަކީ ކޮބާކަން ވެސް” ޙައިދަރު ބުނެލިއެވެ. އެކަމާ އާތިޤާ އާއި ލުތުފީ ވެސް އެއްބަސްވިއެވެ. އޭރު އެތަނުގައި މަޑުމަޑުން އިން އުޒައިރުގެ ޒުވާލު އެންމެނާ ކުރިމަތިކުރުވީ ދެނެވެ. އަރުފީނު މީހަކާ އިންނަނީ ކޮންއިރަކުންތޯ އޭނާ އޮޅުންފިލުވަންފެށިއެވެ. އެއާއެކު ލުތުފީ ވާހަކަދައްކަން ފެށިއެވެ.
“ހާއި އުނައިސް، އަހަރުމެން ދެމީހުން އަދި އޮފިޝަލީ ބައްދަލެއްނުވޭތާ ދޯ، ކުރިން އެ ބައްދަލުވި ބައްދަލުވުމަކީ ރަސްމީ ސިފައެއްނެތް ފެނިލުމެއް” އުނައިސްގެ ކުރިމަތީ އައިސް ހުއްޓުނު ފަރުހާނާ ސަލާމްކޮށްލުމަށް އަތްދިއްކޮށްލަމުން އުނައިސް ބުނެލިއެވެ.
“ފަރުހާނު….” އަމިއްލަ ނަން ބުނެލުމާއެކު އުނައިސްއާ ސަލާމްކޮށްލާފައި ގޮނޑިދަމާލަމުން އިށީނެވެ.
ރެސްޓޯރެންޓުގެ ހާމަކޮށްފައިވާ ބައިގެ ހުރި މޭޒުތަކުން މޭޒެއްގެ ދޮށުގައި ދެ ޒުވާނުން ތިބެ ކުރިން ވާހަކަފެށީ ފަރުހާނެވެ. އަރުފީނާއި އުނައިސްގެ ދެމެދުގައި އޮތް ގުޅުމާމެދު ސުވާލު އުފައްދަމުންނެވެ. ރުހައިލު އާއި ގުޅެން އޭނާ ބޭނުންނުވާ ސަބަބަކީ ކޮބާތޯ ސުވާލު ކުރަމުންނެވެ.
“ހީވަނީތަ އަހަންނޭ އެ ދެ މީހުންގެ ދެމެދަށް އެޅިފައި ހުރި ހުރަހަކީ، އެހެންވެއްޖާ ތި ހީކުރުން ވަރަށް ގޯސް، އަހަރެން ހައިރާންވޭ މިއަދު ރުހައިލާ އެއްކޮޅަށް ވަކާލާތު ކުރަން ފަރުހާނު ތެދުވީމަ، މިއޮއްހުރިހާ ދުވަހު ފަރުހާނު އުޅުނީ ކޮންތާކު، ރުހައިލު، ނައިރާއާ ކައިވެނިކުރިއިރު ފަރުހާނު ކޮބާ، އެގެއިން އަރުފީނު ފޮނުވާލިއިރު ފަރުހާނު ކޮބާ…. ނޫނީ ތިއުޅެނީ ރުހައިލުގެ ލޯބި ބޭނުންވެގެންތަ…. އާން! އަހަންނަށް އެނގޭ އަރުފީނާ އިންނަން ފަރުހާނު ހުރީ ބޭނުންވެފައިކަން، އެކަމަކު އަރުފީނު ޤަބޫލުނުވެގެން އެކަން ނުވެފައިކަން އޮތީ، ޚުދު އަހަރެން ވެސް ބޭނުމެއްނޫން އަރުފީނު ރުހައިލު ނޫން މީހަކާ ގުޅޭކަށް”
“އަހަންނަށް ހުރިހާކަމެއް އެނގުނީ ވަރަށް ފަހުން، ރުހައިލުގެ ޕާރސަނަލް ކަންކަމަކާ އަހަންނެއްނުބެހެން، އެކަމާ ސުވާލެއް ވެސް ނުކުރަން، އެއީ މިހާރު އަހަރެންގެ އެންމެ ގާތް އެކުވެރިޔާ، އޭނާ ބޭނުންވަނީ ކޮންކަމެއްކަން އަހަންނަށް މިހާރު އެނގިއްޖެ، އެވަގުތުން ފެށިގެން އަހަރެން މަސައްކަތް މިކުރަނީ އޭނާއަށް އަރުފީނު ހޯދައިދޭން، މައްސަލައަކީ އަރުފީނު އެގޮތް ބޭނުންނުވާތީ، އޭނާ ރުހައިލާ ގުޅެން ބޭނުންނުވަނީ ލޯބިނުވާތީއެއްނޫންކަން އަހަންނަށް ވެސް ރުހައިލަށް ވެސް އެނގޭ، އަހަރެން ކިތަންމެ ފަހަރަކު ދުށިން އަރުފީނުގެ ލޮލުން ރުހައިލަށްޓަކައި ލޯބި ފޮރުވިފައިވާތަން، އޭނާ އެކަން ހާމަކުރަން ބިރުގަންނަނީ… ކޮންމެ ވެސް މީހަކު އޭނާއަށް މަޖުބޫރުކުރަނީ….”
“ތި ހީކުރަނީ އެމީހަކީ އަހަރެންކަމައްތަ؟ އަރުފީނާ އަހަންނާ އެއްވެސް ގުޅުމެއްނެއް، އެކަމަކު އަހަރެން ވެސް އޭނާ ވެސް ދުށީ އަހަރުމެންގެ ދެމެދުގައި އޮތީ ބޭބެއަކާ ކޮއްކޮގެ ދެމެދުގައި އޮތް ގުޅުންކަމުގައި، އަހަރެން އަރުފީނަށް ކެއަރކުރަން، އޭނާ ޕްރޮޓެކްޓު ވެސް ކުރާނަން، އޭނާ ރުހައިލު ދެކެ ލޯބިވާކަން އަހަންނަށް ވަކި ނޭނގެނީއެއްނޫން، އޭނާ ދުވަހަކު ވެސް ރުހައިލު ނޫން މީހަކު ޚިޔާރެއްނުކުރާނެ” އުނައިސްގެ ވާހަކަ މެދުކަނޑާލަމުން ފަރުހާނު ސުވާލުކުރިއެވެ.
“ކިހިނެއް އުނައިސްއަށް ތިހާ ޔަޤީންކޮށް އެނގެނީ…. އަހަންނަށް ޝައްކު ކުރެވުނީ ދެމީހަކު އަރުފީނަށް މަޖޫބުރުކުރުވަނީ ކަމުގައި، އެތަނުން އެކަކަކީ އުނައިސްކަމަށް”
“އަހަރެން އަރުފީނު ނުރުހޭކަމެއް ނުކުރާނަން، މި ހުރިހާ ދުވަހު އަހަރެން ރުހައިލުގެ ގާތުގައި މިވާހަކަތައް ބުނަން ބޭނުންވި ކިތަންމެ ވަގުތެއް އައި، އެކަމަކު އެ ހުރިހާ ފަހަރެއްގައި އަހަރެން ހުއްޓުވަނީ އަރުފީނު، ރުހައިލުގެ ގާތުގައި އެއްވެސް ވާހަކައެއް ނުބުނުމަށް އޭނާ އަހަރެން ލައްވާ ވަޢުދުކުރުވި، މިރޭ އަހަރެން އެ ވާހަކަތައް ކިޔައި މިދެނީ ރުހައިލަކަށް ނޫން، އެކަމަކު ޔަޤީންކަން އެބައޮތް ފަރުހާނަށް ކިޔައިދިނުމަކީ ރުހައިލަށް ކިޔައިދުން ފަދަ ކަން…. ފަރުހާނަށް ވެސް ރުހައިލަށް ވެސް ތި އެނގެނީ އަރުފީނަށް ކަމެއްވިކަން، އޭނާއަށް ވީކިހިނެއްކަން އެނގެނީ ހަމައެކަނި އަހަންނަށް، އޭނާ އެވާހަކަތައް ކިޔައިދިނީ އަހަރެންގެ ގާތުގައި އިނދެ، އޭނާ ރޮވިފައި ހުންނަތަން ކިތަންމެ ފަހަރަކު އަހަރެން ދުށިން، އެކަމަކު އަރުފީނު އެ އިހުސާސްތައް ސިއްރުކުރަން ދަސްކޮށްފި…. މިއަދު އޭނާ ކިތަންމެ ހިތްވަރުގަދަ ވިޔަސް އޭނާގެ ހިތް އޮތްގޮތް އަހަންނަށް ރަނގަޅަށް އެނގޭ”
“އަހަރެން ބޭނުން ހުރިހާކަމެއް އެނގެން… އަރުފީނަށް ދިމާވިގޮތް ކިޔައިދީބަލަ، ކީއްވެތަ ކުއްލިއަކަށް އަރުފީނު ބަދަލުވީ، ކީއްވެ އޭނާ ރުހައިލާ ދުރަށް ދާންފެށީ”
ފަރުހާނުގެ ސުވާލުތަކާއެކު އުނައިސް އަރުފީނުގެ ވާހަކަތައް ކިޔައިދޭން ފެށިއެވެ. އަރުފީނަށް ލޯބިވެވުނު ގޮތެވެ. ރުހައިލަށް އޭނާގެ ހިތުން ޖާގައެއްދެވުނީ ނޭނގިހުރެއެވެ. އެހެންނަމަވެސް އެ ހިތުން ރުހައިލު ފިލައިގެން ނުދިޔަކަމެވެ. އެންމެންނަށް ސިއްރުން ދެމީހުން ހާމަފެންޑާގައި ބައްދަލުކުރާ ބައްދަލުކުރުންތަކުގެ ވާހަކައެވެ. އެހެން އުޅެނިކޮށް މަލީކަށް ފަޅާއެރިކަމާއި އެކަމުގެ ސަބަބުން މަލީކު އަރުފީނަށް ދިން އިންޒާރެވެ. ވަގުތުން ހުރިހާ ކަމެއް ބަދަލުކުރަން މަޖުބޫރުވީއެވެ. ބަލަމުން ދިޔަ ހުވަފެނުން އަރުފީނު ހޭލައްވާލީއެވެ. ހަޤީޤަތާ ކުރިމަތި ލިއިރު ދެ ހިތުގައިވާ ލޯބީގައި ފަރަގުކުރުމެއްނެތެވެ. އެހެންނަމަވެސް އެ ދެމެދުގައި ލޯބި ނެގުމަށްފަހު އެއްގޮތް އެއްވެސް ކަމެއްނެތެވެ. އުޑާއި ބިމާހާ ދެމީހުން ތަފާތެވެ. މަލީކުގެ ހަނދާންކޮށްދިނުންތައް އަރުފީނުގެ ހިތުގައި ޖެއްސިއެވެ. ރުހައިލާ ދުރަށްދާން މަޖުބޫރުކުރުމާއެކު ހަނދާނެ ގޮތް ހުސްވެފައި ހުއްޓާ ރުހައިލުގެ ކައިވެނި ޢިއުލާން ކުރުމުން ދެން އޮތް ކުޑަ އުންމީދު ވެސް އަރުފީނުގެ ގެއްލިގެން ދިޔައީކަން އުނައިސް ކިޔާދިނެވެ. ރުހައިލުގެ ކައިވެނީގެ ހަފުލާ ނިމެންދެން ވެސް އޭނާ ހުރުމަށް މަލީކު ނޭދުނުކަމެވެ. އެންމެ ފަހު ފަހަރަށް ވެސް ރުހައިލާ ބައްދަލުކޮށްލުމުގެ ފުރުޞަތެއް ނުލިބު އަރުފީނު ނިކުމެގެން ދިޔައީ މަލީކަށްޓަކައެވެ. ރުހައިލުގެ ބައްޕައަށް ވީމަ ކަމެވެ.
އުނައިސްގެ ވާހަކަ އަޑުއިވުމުން ހުރިހާ އެންމެންގެ ކިޔައިދިން ވާހަކަތައް ވަށާޖެހި ކަންތައްވީގޮތް ފަރުހާނުގެ ލޯ ކުރިމައްޗަށް ސިފަވެ ސާފުވެގެން ދިޔައެވެ. އިރުކޮޅަކަށް ބުނާނޭ އެއްޗެއް ނޭނގި ބަސްހުއްޓިފައި ފަރުހާނަށް އިނދެވުނެވެ. ވެދާނޭ ކަމަށް އެންމެ ހީނުކުރާ ގޮތަށް ކަންތައްވީމައި ފަރުހާނަށް ވެސް ހަދާނޭ ގޮތެއް ނޭނގުނީ ކަންނޭނގެއެވެ.
“ރުހައިލުގެ ބައްޕަ އެހެން ހަދާފާނޭކަމަށް ހީނުކުރެވެނީ ދޯ” ފަރުހާނު އެއްޗެއް ނުބުނެ އިންނަން ފެށުމުން އޭނާއަށް ބަލަން އިނދެފައި އުނައިސް ބުނެލިއެވެ.
“އަހަރެން ޤަބޫލުކޮށްފިން ތިކިޔައިދިން ގޮތަށް ކަންތައްވެދާނޭކަން، ރުހައިލަށް އޭނާގެ ބައްޕަގެ ފަރާތުން ތިޔަބުނި ފަދަ ކަމެއް ފެނިފައެއްނުވޭ، އެކަމަކު އޭނާ ވެސް ބުނޭ މަލީކުއަންކަލް އަރުފީނާމެދު ހިތްހަމަޖެހޭ ހެނެއް ހިޔެއްނުވެޔޭ، ކުރިން ޢާއިލާގެ ވިޔަފާރީގެ ތެރޭގައި އުޅެފައި ވަކިން އަމިއްލަ މަސައްކަތެއް ރުހައިލު ފެށީ ވެސް އަންކަލްގެ ނުފޫޒުތަކުން އެކަހެރިވެލަން… އޭނާގެ ދިރިއުޅުމަށް އެންމެ ބޮޑު އިންފްލުއެންސްއެއް ފޯރުކުރާ ފަރާތަކީ މަލީކު އަންކަލް، އެހެންވީމަ އަހަންނަށް ޤަބޫލުކުރެވޭ އުނައިސް ތިކިޔައިދިން ހެން އަރުފީނާމެދު ކަންތައް ވެދާނޭކަން، އެކަމަކު މި ވިސްނެނީ މަލީކުއަންކަލް ރުއްސާނެގޮތަކާމެދު، އަނެއްކޮޅުން ރުހައިލަށް އެނގުނީމާ އޭނާ ދެން ކަންތައްކުރާނެ ގޮތެއް ނޭނގޭތީވެ” ވަރަށް ވިސްނަމުން ކަހަލަ ގޮތަކަށް ފަރުހާނު ވާހަކަދެއްކިއެވެ.
“ކޮންމެގޮތަކަށް ނިންމިނަމަވެސް އަހަންނަށް ހަޤީޤަތް ހާމަކުރެވިއްޖެ، އަރުފީނު ނުބުނެގެންނޭ ކިޔާފައި މިހާރު އެއްވެސް ކަމެއް ނޭނގިއެއް ނޯންނާނެ، އަރުފީނުގެ ދެކެ ރުހައިލު ލޯބިވާނަމަ އޭނާގެ ނިންމުން ގޯހެއްނުވާނޭކަން އަހަންނަށް އެނގޭ”
އުނައިސްގެ ވާހަކައަށް ފަރުހާނު ބޯޖަހާލީ އެއްބަސްވެލުމުގެ އިޝާރާތެއްގެ ގޮތުންނެވެ. ދެމީހުން ވާހަކައިގައި ތިބުމުގެ ބަދަލުގައި ފަރުހާނު ބޭނުންވީ އޭނާގެ ޚަބަރު އެނގެން ބޭނުންވެފައި ހުރި ރުހައިލާ ހަމައަށް އުނައިސްގެ ވާހަކަތައް ގެންދާށެވެ. އެހެންވެ ރުހައިލަށް ހުރިހާ ކަމެއް އޮޅުންފިލުވައިދޭނަން ކަމުގައި ބުނަމުން ފަރުހާނު އެނބުރިދިއުމަށް އުނައިސްގެ ގާތުން އެދުނެވެ. ދެމީހުން ދެ އެކުވެރިން ފަދައިން ރެސްޓޯރެންޓުން ފައިބައިގެން މަގުމައްޗަށް ނިކުމެ ސަލާމްކޮށްލީ އެކުވެރިން ފަދައިންނެވެ. އަދި ދެމީހުންގެ މަންޒިލަށް ދިއުމަށްޓަކައި ހިނގައިގަތެވެ.
އެރޭ ނިދަން އޮތް ޝާރުދާގެ ހިތަށް އުނދަގޫވަނީއެވެ. ސިކުނޑީގައި ރުހައިލުގެ ވާހަކަތައް ތަކުރާރުވަމުން ދާކަހަލައެވެ. އެންމެފަހުން ނޯވެވިގެން މަލީކުއާ ދިމާއަށް އެނބުރުނެވެ.
“މަލީކު، ނިދީތަ؟” ލޯ މަރައިގެން އޮތް މަލީކަށް ބަލަންއޮވެ ޝާރުދާ އަހާލިއެވެ.
“ނިދެމުން ދަނިކޮށް ތިގޮވާލީ… ކިހިނެއްވީ” މަލީކު ލޯ ހުޅުވާލާފައި ބުނެލިއެވެ.
“ރުހައިލާ މެދު އަހަރެން ކަންބޮޑުވޭ”
“އޭނާ ކީއްކުރީ”
“މީހަކާ އިންނަން ރުހައިލު އެއްބަސްވެއްޖެ”
“ރުހައިލު ބުނީތަ؟ ކިހިނެއްވީ އެއްބަސްވީ، އަނެއްކާ ކާކާ އިންނަން އުޅެނީ… އޭނާ އަމިއްލައަށް ބައިވެރިއަކު ޚިޔާރުކުރީތަ” މަލީކުގެ ލޮލުން ނިދިފިލާ ދިޔަ ކަހަލައެވެ. އޭނާއަށް ވީގޮތުން ޝާރުދާ ވެސް ހައިރާންވިއެވެ.
“ކުރިން ދުވަހަކު ވެސް ބުންޏެއްނު އަރުފީނު މީހަކާ އިންނައިރު ރުހައިލު ވެސް ބޭނުންވެޔޭ މީހަކާ އިންނަން، އެކަމާ މިއަދު ވާހަކަދައްކާލީމާ އޭނާ ހުރީ އަދިވެސް ކައިވެނިކުރާގޮތަށް… އެކަމަކު… މަލީކު، ކީއްވެތަ ރުހައިލު އަމިއްލައަށް ކުއްޖަކު ޚިޔާރުނުކުރަނީ…. މިފަހަރު ވެސް ބުނީ މަންމެންނަށް ކަމުދާ ކުއްޖަކު ރަނގަޅުވާނެޔޭ، އަހަރެން ހިތަށް އަރަނީ، ރުހައިލަށް ކަމުދާ ކުއްޖަކު ހުރީބާއޭ، އަހަރުމެން އޭނާގެ ކައިވެނި ނައިރާއާ ކުރުވީ ވަރަށް އަވަސްއަރުވާލާފައި އެހާ އަވަހަށް… ނައިރާއާ ކައިވެނިކުރުމާއެކު ރުހައިލު ބަދަލުވާން ފެށިކަން އަހަންނަށް ފާހަގަކުރެވުނު، އޭނާގެ މޫނުމަތިން އުފާވެފައި ހުއްޓާ ނުފެނޭ، ހިތްހަމަޖެހޭ އެހެނެއް ހިޔެއްނުވޭ… އެކަން ފާހަގަވިޔަސް އަޅާނުލީ މަލީކު އޭރު ކިޔާ އެއްޗެހިން، ދިރިއުޅުމެއް ފެށީމާ ރުހައިލުގެ ފަރާތުން ފެންނަ ކަންކަމަކީ އޭނާ ޒިންމާދާރުމީހަކަށް ވާން މަސައްކަތްކުރާކަމުގައި ކަންކަން ކަމުގައި މަލީކު އަބަދުވެސް ކިޔަމެއްނު، އަހަންނަށް ހިޔެއްނުވޭ އެއީ ޒިންމާދާރުވުމާ ގުޅުން އޮތް ކަމެއްހެނެއް، މިހާރު ވެސް އަދިވެސް އެ ފެންނަނީ އެ މާޔޫސްކަން، އަހަރެން…. އަހަރެން ވަރަށް ދެރަވޭ އެކުއްޖާ އެހެން އުޅޭތީ…”
“ސާބަސް ޝާރުދާއަށް، އަނބިމީހާ ވަކިވީމާ އަލުން ދިރިއުޅުމެއް ފަށަން އަހަރުމެން ބޭނުންވި ނަމަވެސް ރުހައިލަށް އެކަން ފަސޭހައެއްނުވާނެއެއްނު، އޭނާ އަހަރުމެން ނުރުހޭކަމެއް ނުކުރާނެ…. ޝާރުދާ ތިވިސްނަނީ މާބޮޑަށް، ބޭކާރު ޚިޔާލުތަކެއް ސިކުނޑިއަށް ވަދެގެން ތިއުޅެނީ”
“ރުހައިލު އަހަރުމެން ނުރުހޭކަމެއް ނުކުރާނެކަން އެނގޭއިރު އަހަރުމެންނަށް ވެސް ނޯންނާނެ ހައްޤެއް އެކުއްޖާއަށް އެއްވެސް ކަމަކަށް މަޖުބޫރުކުރުމުގެ، އަހަންނަށް ދެން ނޭނގެ… ރުހައިލު އުފަލުގައި ހުންނަން އަހަރެން ބޭނުން، އެކަމަކު އެކަން ކުރާނޭގޮތެއް ނޭނގޭ… އަހަރެން ވެސް ބޭނުން އެހެން ކުދިންހެން ރުހައިލު ވެސް ޅީދަރިއަކު ގެނެސް މަށަށް ދައްކާ އެއީ އޭނާ އިޚުތިޔާރުކުރި ފަރާތްކަމުގައި ބުނަން، އަހަރުމެންނަކީ ރުހައިލުގެ މައިންބަފައިންނަށް ވިޔަސް އޭނާގެ ހިތްހަމަޖެހުމާ އޭނާގެ ބޭނުންތައް އެންމެ ރަނގަޅަށް ނޭނގުމަކީ ވެސް ވެދާނޭގޮތެއް…. މިހާރު ހިތަށް އަރާ އޭރު ރުހައިލުގެ ގާތުގައި އަހާލާ އެކުއްޖާގެ ލަފައެއް ހޯދުނު ނަމައޭ ކައިވެނި ހަމަޖެއްސުމުގެ ކުރިން”
“ދެން ތިކަމާ ތިހާ ވަރަށް ނުވިސްނާ ހިނގާ ނިދާލަން، ރުހައިލު އަމިއްލައަށްތާ މިފަހަރު ވެސް އެބުނީ މައިންބަފައިންނަށް ކަމުދާ ކުއްޖަކާ އިނދެފާނަމޭ، އެހެންވީމަ އެކަން އެ ނިމުނީނު… ވެދާނެ ނައިރާ ފަދަ ކުއްޖަކު ދެން ނުލިބޭނޭތީވެ އަމިއްލައަށް ކުއްޖަކު ޚިޔާރުކުރަން ރުހައިލު ބޭނުންނުވަނީކަމަށް… ދެން ހިނގާ ނިދަން، ވަރަށް ލަސްވެއްޖެއެއްނު”
މަލީކުގެ ސިކުނޑީގައިވާ އެއްޗެއް އޭނާ ޝާރުދާއަށް ހާމަކުރަން ބޭނުންނުވަނީ ކަންނޭނގެއެވެ. ވާހަކަމެދުކަނޑާލާފައި ނިދުމުގެ ބަހަނާ އޭނާ ދެއްކީ އެހެންވެއެވެ. ކޮންމެހެން އޭނާ ނިދިއައިސްގެނެއްނޫނެވެ. އޭގެ ބަދަލުގައި އޭނާގެ ސިކުނޑިވަނީ ޝާރުދާގެ ވާހަކަތަކުން ހާސްވެފައެވެ. އަރުފީނާ އެގެއަށް އަންނަން ފެށުމުން ލިބިފައިވާ ނުތަނަވަސްކަން ބޮޑުވެ އެކަމާ ފިޔަވަޅެއް އަޅަންޖެހިދާނޭތީވެ މަލީކު ހުރި ވަރަށް ތައްޔާރުވެއެވެ. ނަމަވެސް ޝާރުދާގެ ފަރާތުން ރުހައިލުގެ ވިސްނުން ހުރިގޮތް އެނގުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް އޭނާއަށް ލިބުނެވެ. ރުހައިލުގެ ކައިވެނިކުރުމަށް ކުއްޖަކު ހޯދުމުގެ ޒިންމާ އަނެއްކާ ވެސް އޭނާ އެ ހަވާލުކުރީ މަލީކު އާއި ޝާރުދާގެ އަތްމައްޗަށެވެ. ލޯ މަރާލައިގެން ނިތްކުރީގައި އެއްއަތް ބާއްވާލައިގެން މަލީކު އޮތީ ވިސްނުމެއްގެތެރޭގައި ކަމެއް ޝާރުދާއަކަށް ނޭނގެއެވެ. އޭނާ މަލީކުގެ އެދުމަށް ނިދޭތޯ ހަމަޖެހިލިއެވެ.
ފޯނުން އަރުފީނުގެ ހަނދާންތައް ބަލަމުން ދިޔަ ރުހައިލުގެ މޫނުމަތިން އެތައް އަސަރުތަކެއް ފެންނަމުން ދިޔައެވެ. އަހަރުތަކާއެކު އޭނާ ގެންގުޅޭ ފޯނަށް ބަދަލު އައި ނަމަވެސް އަރުފީނާއެކު ދެކެވިފައިވާ ވާހަކަތައް ރައްކާކުރެވިފައި ހުރީ ވަކި ފޯނެއްގައެވެ. އެ ފޯނު އޭނާއާ ވަތްކެއް ނުކުރެއެވެ. ދެ ފޯނު ހިފައިގެން އުޅެނީ އެހެންވެއެވެ. އެއީ ހަމައެކަނި އަރުފީނަށް ޚާއްޞަކުރެވިފައި އޮތް ފޯނަކަށް ވީމައެވެ. އެތައް އިރަކު ވިސްނަން އޮވެފައި ފޯނުން އަރުފީނުގެ ނަންބަރަށް ވައިބަރއިން މެސެޖެ ފޮނުވާލިއެވެ. ބާއްޖަވެރި ރެއަކަށް އެދި ފޮނުވާލި މެސެޖަށް އަރުފީނުގެ ފަރާތުން ޖަވާބެއް އައީ ރުހައިލު ހީވެސް ނުކުރާހާ އަވަހަށެވެ. ނަމަވެސް އެ ޖަވާބުގައި ވަނީ ޝަކުވާއެވެ.
“ރުހައިލު ކިތަންމެ ބޭނުންވިޔަސް އަހަންނަށް ރުހައިލު އެދޭގޮތަށް ކަންތައް ކުރެވޭކަށްނެތް، އަހަރެން ފަރުހާނާ އިންނާކަށް ބޭނުމެއްނޫން، ޕްލީޒް… އަހަންނާ ފަރުހާނާ ގުޅުވަން މަސައްކަތްނުކުރޭ، އަހަންނަށް އެނގޭ ރުހައިލު އޭނާއަށް ހިތްވަރުދީގެން ކުރުވާކަމެއްކަން އެއީ…”
އަރުފީނުގެ މެސެޖު ކިޔާލުމާއެކު ރުހައިލަށް ވެސް އެނދުން ތެދުވެވުނެވެ. ހެޑުބޯޑާ ބުރަކަށްޓާ ދެމެދަށް ބާލީހެއް ލަވާލުމާއެކު ރުހައިލު ހަމަޖެހިލަމުން ދެއަތަށް ފޯނު ހެޔޮވަރުކޮށްލީ އަރުފީނާ ވާހަކަދައްކާލަން ފުރުޞަތު ލިބުމުން އެފުރުޞަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް ގަސްދުކޮށްގެންނެވެ.
“އައި މިސްޑް ޔޫ” އަރުފީނުގެ ދެއްކި ވާހަކައާ ގުޅުވާލުމުގެ ބަދަލުގައި ރުހައިލު ފެށީ މުޅިން އެހެން ވާހަކައެކެވެ. އެކަމަށް އަރުފީނު ވަކި ޖަވާބެއް ނުދިނެވެ. އެހެންނަމަވެސް ދެން ވެސް އަމިއްލަ އިހުސާސްތައް ބަޔާންކޮށް ރުހައިލު ތިން ހަތަރު މެސެޖު ފޮނުވާލިއެވެ. އަރުފީނާއެކު ހޭދަކުރެވިފައި ހުރި ވަގުތަކުގެ ޚާއްޞަކަން ހަނދާންކޮށްދޭން ރުހައިލު މަސައްކަތް ކުރި ނަމަވެސް އަރުފީނުގެ ފަރާތުން އިޝާރާތެއް ނުވިއެވެ. ފަރުހާނުގެ ފޯނުކޯލު އައީ އެވަގުތުއެވެ. އަވަސްއަވަހަށް ފޯނު ނަގާ ކަންފަތުގައި ޖަހާލިއެވެ.
“ހާދަ ލަހުން ތި ގުޅީ، އަދިކިރިޔާތަ އުނައިސްއާ ބައްދަލުވީ” ކެތްތެރިކަން ކުޑަވެފައި އިނދެ ރުހައިލު އަހާލިއެވެ.
“އަހަންނަށް އެނގުނު ކަންކަން ރުހައިލަށް ކިޔައިދޭނޭ ގޮތެއް ނޭނގިގެން އެކަމާ ވިސްނަން އިނދެވުނީ، އެހެންވެ ލަސްވީ، އަހަރެން މިހިރީ ތިގޭ ގޭޓު ކައިރީ، ގޭޓު ހުރީ ތަޅުލާފައި… މިތާ މީހަކު ވެސް ފެންނާކަށްނެތް، އަހަރެން މިއައީ ރުހައިލުއަށް ހުރިހާ ވާހަކައެއް ކިޔައިދޭން، ފޯނުން ކިޔައިދިނުމަށްވުރެ އަހަންނަށް ވިސްނުނީ މިގޮތް މާ ރަނގަޅުވާނެ ކަމަށް”
“މަޑުކޮށްލާ، މިދަނީ ގޭޓު ހުޅުވަން… ގިވް މީ ފައިވް މިނިޓްސް” ރުހައިލު މިހެން ބުނުމާއެކު އެނދުން ފުއްމާލައިގެން ޓީޝާޓެއް ގަޔަށް މަހާލުމާއެކު ކޮޓަރިން ނިކުމެގެން ދިޔައެވެ.
ގޭޓުގެ ދެފަރާތުގައި ހަރުކޮށްފައި ހުރި ދެ ބޮކީގެ ރީނދޫގެ އަލީގެ ތެރެއިން ރުހައިލަށް ފަރުހާނު ފެނުނެވެ. އޭނާ އަވަސް އަވަހަށް އައިސް ގޭޓު ހުޅުވާލުމާއެކު ފަރުހާނު ވެއްދިއެވެ. އަދި އެނބުރި ގޭތެރެއަށް ވަނުމަށް ހިނގައިގަތީ އަލުން ގޭޓު ތަޅުލާފައެވެ. ދެ ޒުވާނުން އައިސް ބޮޑުކޮޓަރިތެރެއަށް ވަދެ ސޯފާގައި ހަމަޖެހިލިއެވެ. ދެމީހުން ވެސް ތިބީ އެކަކު އަނެކަކަށް ކުރިމަތިވާ ގޮތަށެވެ. ފަރުހާނުގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ކަންބޮޑުވުން ފާޅުވޭވޭ ހުއްޓެވެ. އަނެއްކޮޅުން ރުހައިލުގެ ކެތްތެރިކަން ކޮޅުން ލައިގެން އުޅޭކަހަލައެވެ. އޭނާގެ މޫނުމަތިން ފެންނަނީ ފަރުހާނުގެ ދުލުން ލަފުޒެއް ބޭރުވާނޭ އިރަކަށް ކެތްމަދުވެފައި އިންކަމެވެ.
ގިނައިރުތަކެއް ނުކޮށް ފަރުހާނު ވާހަކަދައްކަން ފެށިއެވެ. އަރުފީނުގެ ވާހަކަތައް އުނައިސް ކިޔައިދިން ފަދައިން ފަރުހާނު އޭނާގެ ކުރިމަތީ އިން ރުހައިލަށް އޮޅުން ފިލުވައި ދިނެވެ. އޭރު މަޑުމަޑުން ރުހައިލު އިސްޖަހާލައި ފައިދަށުގައި އޮތް ކާޕެޓަށް ނަޒަރު ހުއްޓިއްޖެއެވެ. ހުރިހާ ވާހަކައެއް އަޑުއެހީ ސުވާލެއް ވެސް ކޮށްލުމެއްނެތިއެވެ. ރުހައިލު އެއްޗެއް ނުބުނުމުން ފަރުހާނު ސުވާލުކޮށްލިއެވެ.
“ރުހައިލު… އުނައިސް ކިޔައިދިން ގޮތަށް ހުރިހާ ވާހަކައެއް މި ކިޔައިދިނީ، އަހަންނަށް އޭނާގެ ވާހަކަ ޤަބޫލުކުރެވޭ، އެހެންވީމަ ރުހައިލު ކީކޭ ބުނަނީ، ކިހިނެއް ހަދަން ގަސްދުކުރަނީ… އަހަރެން ދޭން އޮތް ނަސޭހަތަކީ އެއީ މައިންބަފައިންކަން ވެސް ދަންނަންވާނެއޭ… ރުޅި އިސްކުރުމަށްވުރެ ހަމަޖެހޭ ގޮތަކަށް މިކަން ނިންމަން އަހަރެން ބޭނުންވަނީ”
“އަހަރެން ދުވަހަކު ވެސް ހަނދާނެއްނުނެތޭނެ އެރޭ އަރުފީ އަހަންނާ ވަކިވެގެން ދިޔަ ގޮތް، އެރޭ އެންމެ ފަހު ފަހަރަށް ބަލާލި ބާލުން، އެ ތުންފަތުގައިވި ހިނިތުންވުން… އަހަރެން އެރޭ އަރުފީގެ ގާތަށް ދާން މަސައްކަތްކުރިން، އެކަމަކު އެއަށްވުރެ ކުރިން ބައްޕަ އަހަރުމެންގެ ދެމެދަށް ވަން، ކައިވެނީގެ ހަފުލާއަށްފަހު އެނބުރި ގެއަށް އައިއިރު މާލަސްވެއްޖެ… އަހަންނަށް އަރުފީ އެއްކޮށް ގެއްލުނީ…. ބައްޕައާ ހެދި… ބައްޕައާ ހެދި…” ޚިޔާލުތަކަކަށް ގެއްލިފައި އިން މީހަކު ހެން ރުހައިލު ވާހަކަދެއްކިއެވެ. އޭރު ވެސް އޭނާ އިނީ އިސްޖަހާލައިގެންނެވެ. އަޑުގައިވަނީ ތަފާތު ހިމޭންކަމެއް އެކުލެވިފައެވެ.
“އައި އެމް ސޮރީ… އަހަންނަށް ކުރިން އެނގުނުނަމަ މިއަށްވުރެ އަވަހަށް ތި އެކުވެރިޔާގެ ލޯބި ހޯދާދިނުމަށް މަސައްކަތް ކުރާނަން” ރުހައިލަށް ކޮށްފައިވާ އަސަރު ފަރުހާނަށް ވިސްނުނު ކަހަލައެވެ.
“ހުރިހާކަމެއްވީ ބައްޕައާ ހެދި… އެހާ ކުރީއްސުރެ…. އަހަރެންގެ އަރުފީނު… ޝީ ލަވްސް މީ…” މަލީކަށް އެނގި ހުރެ ރުހައިލުއާ އަރުފީނު ދުރުކުރުމުން ރުހައިލުގެ ހިތަށްވަނީ ވަރަށް ވެސް ފުން އަސަރެއް ކޮށްފައެވެ. އޭނާގެ އަޑު ކުރަކިވެގެން ދިޔައެވެ. ހަމައެއާއެކު ރުޅިވެރިކަން ސިކުނޑިއަށް ބާރުކުރަމުން ދިޔައެވެ. ދެ ދަތްޕިލާޖައްސާ ބާރުކޮށްލެވުނެވެ.
“މާދަމާ އަހަރެން އަންނާނަން، ރުހައިލު މިރޭ ވިސްނާލާ… އަހަރެންގެ ޚިޔާލެއް ވެސް އެބައޮތް، އެކަމަކު މާދަމާ އައިސް އެކަމާ ވާހަކަދައްކާލާނީ، ހިނގާ އަހަރެން މިގޭ ގޭޓުން ބޭރުކޮށްލަދޭން” ފަރުހާނު ތެދުވެގެން އައިސް ރުހައިލުގެ ކޮނޑުގައި އެއްއަތުން ޖަހާލާފައި ބުނެލިއެވެ. ބަހެއް ނުބުނެ ރުހައިލު ގޮސް ގޭޓު ހުޅުވާ ފަރުހާނު ނިކުތުމުން އަލުން ގޭޓު ތަޅުލާފައި އައިސް ކޮޓަރިއަށް ދިޔައެވެ.
“ހަމަ އެންމެ ފަހަރު ބުނެލިނަމަ… އަހަންނަށް ކީއްވެތަ ނުވިސްނުނީ… ބައްޕަދެކެ އަރުފީނު ބިރުގަންނަނީ ކީއްވެކަން މިއެނގުނީ އަދިކިރިޔާ… ހަޤީޤަތުގައި ބޭވަފާތެރިއަކީ އަހަރެން، އަރުފީނުދެކެ އިންތިހާއަށް ލޯބިވާއިރު ނައިރާއާ ކައިވެނިކުރެވުނީތީ… އެއްފަހަރު ވެސް ނޫނެކޭ ބުނެވުންނަމަ، ކުށްވެރިއަކީ އަހަރެން… ނައިރާގެ ދިރިއުޅުން ހަލާކުވީ އަހަންނާހެދި، އަރުފީއަށް ހިތްދަތިކަމެއް ދޭން މަސައްކަތް ކުރީ އަހަރެން… ކައިވެންޏަށް މަޖުބޫރުކޮށް ތިހިތް ޒަހަމްކުރި މީހަކީ އަހަރެން…” އެނދުގައި އުއްޑުން އޮތް ރުހައިލުގެ އަޑު ކޮޓަރީގެ ހަތަރުފާރުގެ ތެރެއަށް ހިނދިގެން ދިޔައެވެ. ފޯނު ނަގާ ވައިބަރ ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. އަރުފީނުގެ ޖަވާބެއް އައިސްފައި އޮތްތޯއެވެ. ދެ ލޯ ފުރި ފުސްވެގެން ދިޔައީ ކަރުނުންނެވެ. ބައްޕަ ކަންތައްކުރި ގޮތް އެނގިގެންނެވެ. އޭނާގެ އުފާވެރިކަމާމެދު ބައްޕަ އެއްފަހަރު ވެސް ވިސްނާނުލީމައެވެ.
ދުނިޔެމައްޗަށް ބޯދިއްކޮށްލި އިރުގެ އަލިކަން ހުރިހާ ދިމާއަކަށް ފަތުރާލަން މަސައްކަތްކުރި ނަމަވެސް ބޯވިލާތަކުން އުޑުމަތިވަނީ ބަނަވެފައެވެ. ކޮޓަރީގައި ހުރި ދޮރުފަތިތައް ހުރީ ރޭގައި ދެފަރާތަށް ކަހާލި ގޮތަށް ކުޑަދޮރުތައް ނިވާނުކޮށެވެ. ރަތްކަން އެކުލެވިފައި ދެލޮލުން ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން އެނދުގެ އަރިއަކަށް ރުހައިލު އޮތެވެ. މޫނުމަތިން ފެންނަނީ އެތައް އިރަކު އޭނާ ރޮއެފައި ހުރިކަމުގެ ނިޝާންތަކެވެ. އޭނާ ހަރަކާތެއްކޮށްލީ ކޮޓަރީގެ ތަޅުގައި ހިފާލި އަޑަށެވެ. އެއާއެކު އެއީ ކާކުކަން ވެސް ރުހައިލަށް އެނގުނެވެ. އަވަސް އަވަހަށް ދެލޯ ފުހެލާފައި އެނބުރި ދޮރާދިމާއަށް ބަލާލިއެވެ. ސިއްރުން ކޮޓަރިއަށް ވަދެ ދޮރުލައްޕާލި ޔަލާ ފެނުމުން ރުހައިލުގެ ހިތަށް ވަކިން އަސަރުކުރިއެވެ. މަޢުސޫމު އެ ދަރިފުޅު ދުވެލާފައި އައިސް އެނދަށް އަރާ ރުހައިލުގެ މޭމަތީ ބޯއަޅާލިއެވެ. އެއާއެކު ޔަލާގެ ބޮލުގައި ރުހައިލު ފިރުމާލިއެވެ.
“އައި އެމް ސޮރީ…” ރުހައިލު މިހެން ބުނެލިއިރު އޭނާ މާފަށް އެދެން ބޭނުންވީ ކާކުގެ ކައިރިންކަން އޮތީ އެނާގެ ހިތުގައި ފޮރުވާލެވިފައެވެ. ނައިރާގެ ގާތުން ކަމެއް ނޫނީ އަރުފީނުގެ ގާތުން ކަމެއް ނޭނގެއެވެ.
ޝާރުދާ އައިސް ގޮވުމުން ވެސް ރުހައިލު ހެނދުނު ސައިބޯން ދިޔައީ މަލީކު އޮފީހަށް ދިޔަ ފަހުންނެވެ. ނުނިދާ ހުރުމުންނާއި ރޮއިފައި ހުރުމުން ރުހައިލުގެ މޫނުމަތި ފެންނަނީ ދިރުން ގެއްލިފައި ހުރި ފަދަ ގޮތަކަށެވެ. އެކަން ޝާރުދާއަށް ފާހަގަކުރެވުނެވެ. ދަރިފުޅާ ސުވާލުކޮށްގެން އެއްވެސް ޖަވާބެއް ނުލިބޭނޭކަން އެނގޭތީވެ ހިތުތެރޭ ސުވާލުތައް އޮއްބާލައިގެން ހުރީއެވެ. އެހެންނަމަވެސް ޝާރުދާ ހުރީ ވަރަށް ކަންބޮޑުވެފައެވެ. އޭނާގެ ހިތް ވެސް އެއްބަސްވީ ރުހައިލު ހިތާމައެއްކޮށްފައި ހުރިކަމުގައެވެ. އެއްޗެއް އަހާނުލާ އަމިއްލަ ޟަމީރާ ވާހަކަދައްކަން ޝާރުދާ އިންދާ ރުހައިލު ނިކުމެގެން ދިޔައީ ދަނީއޭ ވެސް ބުނެނުލައެވެ. އިތުރަށް ޝާރުދާ ހަސްކުރުވީ އެހެންވެއެވެ.
ހަވީރު އަރުފީނު އަންނަންވާއިރަށް ރުހައިލުއާއެކު ފަރުހާނު ވެސް އައިސް އިނެވެ. އޭރު މަލީކު ވެސް ގޭގައި އުޅެއެވެ. ފަރުހާނުގެ ރޭވުމަކާއެކު ޔަލާގެ ކޮޓަރިން ނިކުންނަމުން އެތަނުގައި ހުރި މަލީކަށް ފަރުހާނު ގޮވާލިއެވެ.
“އަންކަލް، އަޅުގަނޑު މިއުޅެނީ ވަރަށް އަވަހަށް މީހަކާ އިންނަންވެގެން”
“ކިތަންމެ ދުރުދުރުން ނަމަވެސް ތިވާހަކަ އަޑުއަހައިފިން”
“ޔަލާގެ ތެރަޕިސްޓާ އިންނަންވެގެން މިއުޅެނީ…” ފަރުހާނު މިހެން ބުނެލަމުން ޔަލާގެ ކޮޓަރީގެ ދޮރުކަނީގައި އެއްއަތްވިއްދާލައިގެން ހުރި ރުހައިލަށް އަވަސް ނަޒަރެއް ދިނެވެ.
“ކާކު، އެ ކިޔަވައިދޭން އަންނަ ކުއްޖާތަ؟” މަލީކު ބުނެލި ގޮތުން ވެސް ރުހައިލުގެ ލޭކެކިލި ކަހަލައެވެ. އަޑުގައި ހުރި މަލާމާތުގެ ރާގުންނެވެ. ހަމައެއާއެކު މަލީކަށް ވެސް ބަލާލެވުނީ ރުހައިލަށެވެ. އޭނާގެ އެ ޢަމަލުން ހުރިހާކަމެއް މަލީކަށް އެނގޭކަން ރުހައިލަށް ޔަޤީން ކުރެވުނެވެ. އެހިނދު ފަޓުލޫނުގެ ޖީބަށް ޖަހާލާފައި އޮތް އަތް މުއްކާވެލުނެވެ.
“ކިހިނެއްތޯވީ، ކަމަކު ނުދޭތޯ…” ފަރުހާނު ހީވަނީ މަލީކުގެ ދުލުގައި ހިފާދަމަން ބޭނުންވެގެން އުޅޭހެންނެވެ.
“ފަރުހާނުގެ ޢާއިލާއަށް ތިކަން އެނގޭތަ؟ ހިނގާބަލަ…” ފަރުހާނުގެ ކޮނޑުގައި އަތްޖައްސާލަމުން މަލީކު ކުރިއަށް ހިނގައިގަތެވެ. ހީވީ ރުހައިލުއާ ދުރަށް ފަރުހާނު ގޮވައިގެން ދާން ބޭނުންވީހެނެވެ. އެހެންނަމަވެސް އެމީހުން ފަސް ފަހަތުން ރުހައިލު އައެވެ.
“ޝާރުދާ އާންޓީ އާއި ރުހައިލު ވެސް ބުނީ އަރުފީނަކީ ވަރަށް ނައިސް ގާލްއެއްކަމަށް، އީވަން އައި ލައިކް ހަރ އަ ލޮޓް” ފަރުހާނު ޔަޤީންކޮށްދޭ ފަދައިން ބުނެލިއެވެ.
“ހާދަ ހީނުވެޔޭ ފަރުހާނުގެ މައިންބަފައިން ތިކަމާ ރުހޭނޭހެން، އަރުފީނަކީ މާލޭގައި ގެއެއް ގެދޮރެއް ހުރި ކުއްޖެއްނޫން، ރަނގަޅު ޢާއިލާއަކުން އައިސްފައިވާ ކުއްޖެއް ވެސް ނޫން، ފަރުހާނު ކައިރީ ހުންނަ އިރު މާ ދުރުން ވެސް އެ އަންހެނާ ފާހަގަވާނެ، އަންކަލް އެއްގޮތަކަށް ވެސް ފަރުހާނާ އެކުއްޖާ ނުގުޅޭ، ހީވަނީ ފަރުހާނުގެ މައިންބަފައިން ވެސް ބުނާނީ މިހެން ހެން” ފާރުގައި ލެނގިލައިގެން ފިލާހުރި ރުހައިލަށް މަލީކުގެ ވާހަކަތައް އިވުމާއެކު ހަޅޭލަވައިގަންނަން ބޭނުންވި ކަހަލައެވެ. އޭނާ ތިރީތުންފަތުގައި ދަތްއަޅާލިއިރު ދެބުމަ ހުރީ ގުޅިފައެވެ. ދެ ލޮލުން ރުޅިވެރިކަން ފާޅުވޭވޭ ހުއްޓެވެ. ބައްޕަގެ ދުލުން ނޫން އެހެން މީހަކު އެފަދަ އެއްޗެއް ބުނާއަޑު އަހަން އޭނާ އެވަރަށް ވެސް ކެތްނުކުރާނެއެވެ. ހުރިހާކަމެއް ރުހައިލުގެ ކުރިމަތީ ނިއުޅެމުން ގޮސް އެނގި ނިމިއްޖެއެވެ.
“ބައްޕައަކީ އެކަހަލަ މީހެއްނޫން، އަޅުގަނޑުގެ އުފާވެރިކަމާއި ހިތްހަމަޖެހުން ބައްޕަ އިސްކުރައްވާނީ، އަޅުގަނޑުގެ ހޮވުމަކަށް ފާޑެއް ވިދާޅެއްނުވާނެ، އެންމެނަކީ ހަމަހަމަ ބައެއްނޫން، އެހެންނޫނަސް ފިރިމީހާއަށް އަނބިމީހާ ބަލަން ޖެހޭނީ، އެހެންވީމާ އަނބިމީހާ ކޮންމެހެން މުއްސަންޖަކަށްވާކަށް ނުޖެހެއްނު، ދޮގެއްތޯ އަންކަލް… އަޅުގަނޑު ރީތިކަން މިނަނީ ބޭރުފުށުގެ ސިފައަކުން ނޫން، އެހެންނޫނަސް ހުރީހާ އިންސާނުން ހައްދަވާފައިވަނީ އެންމެ ރިވެތި ސިފައިގައި، ނޫނީ އަންކަލް ރޭޝިއަލިޒަމްއަށް ހިތްވަރުދެއްވަނީތޯ” ގަސްދުގައި ނުސީދާކޮށް މަލީކާ ދިމާއަށް ފަރުހާނުގެ ބަސްތައް އަމާޒުކުރިއެވެ. އިތުރަށް އެއްޗެއް ބުނުން ރަނގަޅެއް ނުވާނޭކަން މަލީކަށް ވިސްނުނީ ކަންނޭނގެއެވެ. ހީނލާފައި ދެފަރާތައް ބޯހޫރާލަމުން ފަރުހާނުގެ ކޮނޑުގައި ޖަހާލާފައި ހިނގައްޖެއެވެ.
ކާކޮޓަރީގައި ފިނި ފެންތަށްޓެއް ބޯން ހުރި މަލީކުގެ ސިކުނޑީގައި ވަނީ އަރުފީނެވެ. ހިތުގައި އޮތް ނުރުހުން މޫނުމަތިން ފާޅުނުވެއެއް ނުދިޔައެވެ.
“ރާއްޖެތެރެއިން މާލެއަށް އައިސް އަވަހަށް މުއްސަނދި ޢާއިލާއެއްގެ ކުއްޖަކު ވާވައްދާލަން މިވަރެއްނެތް، އަހަރެންގެ ރުހައިލު ނުލިބުނީމާ އެންމެފަހުން ފަރުހާނު އަތުއަޅުވާލީ…. އެކަމެއް ވެސް އޭނާއަށް ކާމިޔާބުވިޔަކަ ނުދޭނަން، މުއްސަނދި ދިރިއުޅުމަކަށް ބޫތުކައިފައި… ޝުކޫރަށް އެނގެންވާނެ ފަރުހާނު ކުރަން އެ އުޅެނީ މޮޔަކަމެއްކަން، އެހެންވެގެންނޭ މިގެއިން ފޮނުވާލީ ވެސް، އޭނާ ހުރިނަމަ އަހަރެންގެ ދަރިފުޅަށް ވެސް ހަމަޖެހޭ ދިރިއުޅުމެއް ނުލިބުނީސް… އެކަމަކު ރުހައިލު ވެސް ކީއްވެބާ ފަރުހާނަށް ބާރު އެޅީ އަރުފީނާ ގުޅެން…. އޭނާ މިހާރު ފޫހިވީބާ އެ އަންހެނާދެކެ…. ކޮންމެވެސް ކަމެއްވެއްޖެ… ރުހައިލު ވެސް މުޅިން ބަދަލުވެއްޖެ، އޭނާގެ ބޭނުމަކީ ކޮބައިކަމެއް ވެސް ނޭނގެ….”
“ކޮންކަމެއްތަ ނޭނގުނީ” ކާކޮޓަރިތެރެއަށް ވަދެގެން އައި ޝާރުދާގެ އަޑު އިވުމާއެކު މަލީކު ސިހުނެވެ. އަވަސް އަވަހަށް އަތުގައި އޮތް ފެންތަށި އެއްނޭވާއިން ހުސްކޮށްލައިފިއެވެ.
“ފަރުހާނު، މިގެއަށް އަންނަ އަރުފީނާ ކައިވެނިކުރަނީއޯ… އަޅެ އޭނާއަށް އެ ނޫން ކުއްޖެއްނުވީތަ”
“ކީއްވެ މަލީކު ތިހެން ތިބުނީ؟ އަރުފީނާއި ފަރުހާނު ކިހާ ގުޅޭ… އަހަންނަށް ޔަޤީން ފަރުހާނަށް އަރުފީނަށްވުރެ ރަނގަޅު ކުއްޖެއް ނުލިބޭނެކަން، އެއީ އޭނާގެ ނަސީބު އަރުފީނު އޭނާއާ ކައިވެނިކުރަން ޤަބޫލުވިކަން، އެ ކައިވެންޏާއެކު އަހަރުމެންގެ ރުހައިލުގެ ކައިވެނި ވެސް ހަމަޖައްސަން އަހަރެން ބޭނުންވަނީ، އަނެއްކާ ވެސް ގޭތެރެއަށް އުފާވެރިކަން އަންނާނެ… މިހާރު އެކުއްޖާ އަންނަން އުޅޭނެ، އެހެންވެ މިއައީ ވެސް، މޭޒުމަތި ތައްޔާރުކޮށްލަން ވެގެން، ޔަލާގެ ފޮތްތަކާ ކާޑުކޮޅުތައް އަރުފީނު އަންނަންވާއިރަށް ތައްޔާރުކޮށްލާފައި ބެހެއްޓީމައެއްނު ފަސޭހަވާނީ”
ޝާރުދާގެ އުފާވެރިކަން ފެނިފައި މަލީކަށް އިދިކޮޅަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. އަބަދުވެސް ޝާރުދާގެ އުފާވެރިކަން އޭނާއަށް މުހިއްމެވެ. އަނބިމީހާގެ ޚިޔާލު ކަމުނުދިޔަ ނަމަވެސް ގިނަ ފަހަރަށް މަލީކު ޝާރުދާ ބޭނުންވެއްޖެ ކޮންމެ ކަމަކަށް އެއްބަސްވެއެވެ. އަހަރުތަކަކަށް ކައިވެނީގެ ގޮށަށް ދޫކަމެއް ނައިސް ވާންކަމާއެކު ކުރިއަށް ދިޔައީ އެ ދެމެދުގައި އޮތް ލޯއްބަށް ބަދަލެއް ނާންނާތިކަން ގައިމެވެ. އެހެން ކަންތައްތަކުގައި ކިތަންމެ ހުދުމުހުތާރު ގޮތް ގެންގުޅުނު ކަމުގައި ވިޔަސް ޝާރުދާގެ ކުރިމަތީ މަލީކުގެ އެ ސިފަ ފެންނަލެއް ވަރަށް މަދެވެ. އޭނާ ބަހެއް ނުބުނެ ނިކުމެގެން ދިޔައީ ވިސްނަމުންނެވެ. ޝާރުދާ އޭނާގެ މަސައްކަތައިގެން އުޅުނެވެ.
އަހަރުތަކަކަށްފަހު ގޭތެރެއަށް ވަދެގެން އައި އަރުފީނު، ރުހައިލަށް ފެނުނީ މުޅިން ތަފާތު ނަޒަރަކުންނެވެ. ވަގުތުން އެ އަންހެންކުއްޖާގެ އަތުގައި ހިފާ ގެނެސް މޭގައި ބޮނޑިކޮށްލަން ރުހައިލު ބޭނުންވެފައި ހުރި ކަހަލައެވެ. ދެއަތްތިލަ އެއްއަތް އަނެއްއަތްތެރޭ ހިފަހައްޓާލީ އެހެންވެ ކަމަށް ވެދާނެއެވެ. ހިނިތުންވެލައިގެން ހުރިއިރު ތުންފަތަށް ގެންނަ ކުޑަކުޑަ ލޮޅުމުން ވެސް ހީވަނީ އަރުފީނަށް ގޮވާލަން ބޭނުންވެފައި ހުރި ހެންނެވެ. އެހެންނަމަވެސް ރުހައިލުގެ ހިތަށް ތަދުކުރުވީ އަރުފީނުގެ މިލާފައި މޫނެވެ. ލާފައި ހުރި ހެދުމުން އޭނާ އެއައީ އޮފީހަކުން ނޫންކަން އެނގުނެވެ. އިސްތަށިގަނޑުގައި އެހެންޏާ ހުންނަ ތަރުތީބުކަމެއް ނެތެވެ. އޮޅާލާފައި ހުއްޅިއެއް ޖަހާލަފައި ހުރިއިރު މޫނުމަތިން މޭކަޕުގެ އަސަރެއް ނުފެނެއެވެ. އިސްޖަހާލައިގެން ހުރެ ހިނގާލާފައި ގޮސް ކާކޮޓަރިއަށް އަރުފީނު ވަނުމުން ރުހައިލު ކަންބޮޑުވާގޮތްވިއެވެ. ހިތުގެ ހިނގުން އަވަސްވުމާއެކު ޟަމީރު ގޮވާލީ އަރުފީނަށް ވެފައި ހުރި ގޮތެއް އޮޅުން ފިލުވުމަށެވެ. އެހިނދު އެންމެ ފުރަތަމަ ވެސް ބަލާލެވުނީ ކައިރީގައި ހުރި ފަރުހާނަށެވެ.
“ސަމްތިންގ ހެޕެން ޓު ހަރ…” ބިރުގެންފައި ހުރި މީހަކުހެން ރުހައިލަށް ބުނެލެވުނީ ބޭއިޚްތިޔާރުގައެވެ.
“އައި ނޯ….” އެހާމެ އަވަހަށް ފަރުހާނު ވެސް ރުހައިލާ އެއްބަސްވިއެވެ.
އަރުފީނު ކާކޮޓަރިއަށް ވަންއިރު ކުޑަކުޑަ ޔަލާ، ޝާރުދާއަށް ކާޑުތައް ދައްކާފައި އޭގައި ހުރި އެއްޗެއް ކިޔުމަށް ބުނަމުން ދިޔައެވެ. އަރުފީނު އޭނާގެ ގާތުގައި ކުރަން ބުނާ ކޮންމެ ކަމެއް ނަކަލުކޮށް، ބޮޑުވެފައި އިނދެ އަރުފީނު ކިޔަވައިދޭހެން ޝާރުދާއަށް ކިޔަވައިދޭން މަސައްކަތް ކުރަނީއެވެ. ހީނހީނފައި ޝާރުދާ ވެސް ޔަލާ ބުނާގޮތަށް ކަންތައް ކުރެއެވެ. އެ މީހުންނަށް އަރުފީނު ފެނުމުން ޝާރުދާ ވެސް ހައިރާންވިއެވެ.
“އަރުފީނު ބަލީތަ؟ މިއަދު އޮފީހަކަށް ނުދަންތަ؟” ކަންބޮޑުވުމުގެ ރާގެއްގައި ޝާރުދާ އަހާލި އަހާލުން ދޮރުކައިރީ ހުރި ރުހައިލަށް ވެސް އިވުނެވެ. އޭނާ ނުވަދެ މަޑުކޮށްލައިގެން ހުރީ ފަހަރެއްގައި އަރުފީނަށް ރުހައިލު ފެނުމުން ޖަވާބެއް ނުދީފާނޭ ހިތަށް އަރާފައެވެ.
“ކުޑަކޮށް ބޮލުގައި ރިއްސާތީ އޮފީހަށް މިއަދު ނުދަން، ދައްތާ ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފައި އެބައޮތް، ޔަލާއަށް ކިޔަވައިދީ ނިންމާލާފައި އަޅުގަނޑާއެކު މިތަނުގައި މަޑުކޮށްލެވިދާނެތޯ”
“އަނެއްކާ ކިހިނެއްވީ؟ ކަމެއް ގޯސްވީތަ؟ ބޮލުގައި ރިއްސާތީ މިހާރު ބޭހެއްކައިފިންތަ؟ އިހަށް ސައިބޯންވީނު، އަރުފީނު ބަލިއްޔާ ދައްތައަށް އެންމެ ރަނގަޅޭ މިއަދު ޔަލާ ކައިރިއަށް ނަޔަސް” ޝާރުދާގެ އަޑުގައި ހުރި އޯގާތެރިކަން އަރުފީނު ހިމޭން ކުރުވިއެވެ. އޭނާ އެއައީ ވަރަށް ބޮޑު ނިންމުމަކާއިގެންނެވެ. ކުރި ހުރިހާ ހިތްވަރު ބޭކާރުވެގެން ދާކަށް އަރުފީނު ނޭދެއެވެ. އެކަމަކު ޝާރުދާގެ އޯގާތެރި ބަސްތަކުން އޭނާގެ ހިތް ރޮއްވާލައިފިއެވެ. ދިގު ފުންނޭވާއެއް އަރުފީނު ލީ ނަފުސު ހަމައަކަށް އެޅުވުމަށެވެ. ވަކި އަޒުމެއްގެ މަތީ ދެމި ހުރުމަށްޓަކައެވެ.
“ބޭސްކައިފިން، މިހާރު ރަނގަޅު، އެހެންވެ މިއައީ”
“އެހެންވިޔަސް ހެޔޮ، ސައިބޮއެގެން ދާންވާނީ، ފަރުހާނު ވެސް އެބަހުރި، ކީއްވެތަ އޭނާއާއެކު ނައީ، ގެއަށް ދާންވާނީ ފަރުހާނާއެކު، އޭނާ ވެސް ނުބުނޭ އަރުފީނު ބަލިވެގެން މިއަދު އޮފީހަށް ނުދާ ވާހަކައެއް” ޝާރުދާގެ ވާހަކަތައް ރަނގަޅުކޮށްދޭން އަރުފީނު މަސައްކަތެއް ނުކުރިއެވެ.
“ދައްތަ ފެންނަން ނެތަސް ކިޔެވުން ނިންމާލާފައި ވަރުޝާ ގާތު ބުނޭ ދައްތައަށް ގޮވާލަ ދޭށޭ، އޭރުން އަންނާނަން” ޝާރުދާގެ ކަންބޮޑުވުން ފިލައިގެން ނުދިޔަ ނަމަވެސް އޭނާ އަރުފީނުގެ ބަސް ޤަބޫލުކުރިއެވެ.
ޔަލާއާއެކު ހޭދަވެގެން ދިޔަ ވަގުތުކޮޅުގައި އަރުފީނަށް ބެލެނީ ޔަލާގެ މޫނަށެވެ. އެހެންޏާ ސަމާލުކަން ދޭވަރަށް ޔަލާގެ މަސައްކަތްތަކަށް ސަމާލުކަމެއް ނުދެވެއެވެ. ދޭތެރެއަކުން މޭގައި އަތްޖައްސާލައެވެ. ހީވަނީ މޭގައި ފޮރުވިފައިވާ ހިތަށް ވިސްނައިދޭން މަސައްކަތްކުރާހެނެވެ.
“ދޫނީ، އާދޭބަލަ އަރުފީދައްތަ އުނގަށް، ޔާއްކޮ މަތީން ދައްތަ ވަރަށް ހަނދާންވާނެ، އަރުފީދައްތައާއެކު ފޮޓޯއެއް ނަގާނަންތަ” އަރުފީނު ހީވީ ނުބުނެ ނީނދެވިގެން ބުނެލިއެވެ. އޭނާގެ ފޯނަށް ޔަލާ ބަލާލަފައި އަވަސް އަވަހަށް ބޯޖަހާލީ ދަތްތައް ފެންނަ ވަރަށް ހިނިއައިސްފައި އިނދެވެ.
“ދެދީއަށް ދައްކާލަންވާނެ” ޔަލާ އައިސް އަރުފީނުގެ ގާތުގައި ހުއްޓުމުން އޭނާ ނަގާ އުނގުގައި އަރުފީނު ބޭންދިއެވެ. އަދި ލޯބިން އެކުއްޖާގެ ގައިގާ ބައްދާލަމުން ފޯނުން ފޮޓޯއެއް ނެގިއެވެ. އޭރު ވެސް ރުހައިލު ހުރީ ސިއްރުން ބަލާށެވެ. އޭނާއަށް ވެސް އަރުފީނުގެ ޢަމަލުތަކުން އެހެންޏާ ނުފެންނަ ކަމެއް ފެންނަމުން ދާކަމުގެ އިހުސާސްކުރެވުނެވެ. ކޮންމެ ގޮތެއް ވިޔަސް އޭނާ މިއަދު އަރުފީނު ދިޔަކަ ނުދޭނެއެވެ. އޭނާދެކެ އަރުފީނު ލޯބިވާވަރު ނުބުނިކަމުގައި ވިޔަސް އޭނާއަށް މިހާރު އެނގިއްޖެއެވެ. އެހިތުގައި ރުހައިލަށްނޫން މީހަކަށް ޖާގައެއް ނެތްކަން ޔަޤީންވެއްޖެއެވެ. އޭނާ އެހުރީ އަރުފީނު އެންމެނާ އެކަހެރިކޮށްލެވޭނެ ފުރުޞަތަކަށް ބަލަބަލައެވެ. އެވަގުތަކުން އެންމެންގެ ލޯކުރިމަތިން އަރުފީނު ގެއްލުވާލަން ރުހައިލު ބޭނުންވެފައެވެ. ހަމައެކަނި އޭނާގެ ގާތުގައި އަރުފީނު ބެހެއްޓުމަށްޓަކައެވެ.
ލުއި ހިނިތުންވުމެއް ރުހައިލުގެ ތުންފަތުގައިވިއެވެ. އޭނާގެ ސަމާލުކަން އަރުފީނަށް ދެވިފައިވާލެއް ބޮޑުކަމުން އެތަނުގައި އޭނާގެ ދާދިގާތުގައި ޝާރުދާ މަޑުކޮށްލައިގެން ހުރިކަމެއް ނޭނގެއެވެ. ޝާރުދާގެ ތުންފަތުގައި ވެސް ވަނީ ރުހައިލުގެ ތުންފަތަށް ވެރިވެފައިވާ ފަދަ ހިނިތުންވުމެކެވެ. ދެމައިންގެ ހިތުގައި ވެސް ވަނީ އެކައްޗެއް ކަންނޭނގެއެވެ. ރުހައިލުގެ މޫނަށް ބަލާލާފައި އަރުފީނުގެ މޫނަށް ޝާރުދާ ބަލަމުން ދިޔައެވެ.
“މަންމަ…” ހިތަށް އެރި އެއްޗެއްކަމުން ކަންނޭނގެއެވެ. ރުހައިލަށް ތަންކޮޅެއް ބޮޑަށް ހިނިތުންވެލެވުމާއެކު އިސްޖަހާލަމުން ފަހަތަށް އަޅާލި ފިޔަވަޅާއެކު އޭނާ ޖެހުނީ ޝާރުދާގެ ގައިގައެވެ. އެއާއެކު ލިބުނު ސިހުމުން މޫނުމަތީގައި ކުރިން ހުރި އަސަރުތައް ވަގުތުން ފިލައިގެން ހިނގައްޖެއެވެ. އެހެންނަމަވެސް ޝާރުދާ ހިނިތުންވެލަމުން އޭނާއަށްވުރެ އިސްކޮޅުން ދިގު ދަރިފުޅުގެ އަތުގެ މުލަށްދަނޑީގައި ހިފާ އަރިކޮށްލި ބޯޖައްސާލިއެވެ.
“އަރުފީނު ވަރަށް ބަލިހެން ހީވަނީ… މަންމަ ހިތަށް އަރާ ކީއްވެބާއޭ އަރުފީނު އެހާ ދުރުދުރުން އުޅެނީ، އަހަރުމެންނަކީ އޭނާއަށް ހެޔޮ އެދޭ ބައެއް…. ކައިވެންޏަށްފަހު ވެސް މިގޮތަށް އަރުފީނު މިގެއަށް އައިސް އުޅޭނެނަމަ….” ޝާރުދާގެ ވާހަކައިން ރުހައިލުގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ. އެކަން އޭނާގެ މޫނުމަތިން ފާޅުވެގެން ދިޔައެވެ.
“އަޅުގަނޑު ވެސް ބޭނުން އަރުފީނު އަންނަން މިގެއަށް” ރުހައިލު މިހެން ބުނެލިއިރު ޝާރުދާއަށް މިފަހަރު ވިސްނަން ހުރެވުނީއެވެ. ރުހައިލު ބުނީ ކޮންމާނައެއްގައި ކަމެއް ނޭނގިފައެވެ. އޭނާގެ ދަރިފުޅުގެ ވާހަކަތަކުގައި ފޮރުވިފައި ކަމެއްވާކަން އޭނާއަށް މިހާރު އެނގެއެވެ.
“ދެން ހިނގާ، ޔަލާއަށް އަހަރުމެން ފެނިއްޖެއްޔާ ކިޔެވުން ހުއްޓާލާފައި އެހެންކަމަކާ އުޅެދާނެ” ދަރިފުޅުގެ އަތަށް ދަމާލަމުން ޝާރުދާ ބުންޏެވެ.
ދާން އެނބުރިލާފައި ވެސް ރުހައިލު، އަރުފީނަށް ބަލާލިއެވެ. އެ ބަލާލުން ޝާރުދާއަށް ފާހަގަނުވެއެއް ނުދިޔައެވެ. އޭނާގެ ދަރިފުޅު އަންހެންކުއްޖަކަށް އެފަދަ ނަޒަރަކުން ބަލާލިތަން ފެނުނުމީ ފުރަތަމަ ފަހަރެވެ. އެއާއެކު ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބުދޭން އެ ހިތް އަވަސްވެގަތެވެ. ހީނުކުރާ ވަރުގެ ގުޅުމެއް ރުހައިލު އާއި އަރުފީނުގެ ދެމެދު އޮވެދާނެބާއޭ ޝާރުދާގެ ހިތާ ސުވާލުކުރެވުނެވެ. ކުރިއަށްވުރެ ބޮޑަށް ހަޤީޤަތް އެނގެން ބޭނުންވެގެން ޝަރުދާގެ ހިތް ތެޅިގަތެވެ. ނަމަވެސް އޭނާއަށް ވިސްނެމުންދިޔައީ އަރުފީނާއި ފަރުހާނުގެ ކައިވެންޏެވެ. އެ ދެމެދަށް ރުހައިލު ވަންނަނީބާއެވެ.
“މަންމާ، އިރުކޮޅަކުން އަރުފީ ނިންމާލާނެ ކިޔަވައިދިނުން، އޭނާ ނިމެންވާއިރަށް ސައިހަދަން އަޅުގަނޑަށް ފެންނަނީ، އެހެންނޫނީ ސައި ވެސް ނުބޮއެ ދާން އުޅެދާނެ، އެއްޗެއް ކައިގެންނޭ ބުންޏަސް އަޅުގަނޑު ޤަބޫލެއްނުކުރާނަން…. އަވަހަށް ސަލާމަތްވާންވެގެން ބުނެދާނެ އެހެން… އަރުފީ ސައިބުއީމަ އަޅުގަނޑު ދާނަން އޭނާ ގެއަށްލާން، މިއަދު އަރުފީ ފެންނަލެއް ވަރަށް ތަފާތު، އަނެއްކާ އަރުފީ ވަރަށް ބަލިވީބާ” ސޯފާގައި އައިސް ނީށީނދެވިގެން އުޅެނިކޮށް ރުހައިލު ވާހަކައްދައްކަން ފެށިއެވެ. އޭނާގެ ކަންބޮޑުވުން ވެސް ޝާރުދާއަށް ފާހަގަކުރެވުނީ ތަފާތު ގޮތަކަށެވެ. ރުހައިލުގެ ހިތުގައި އަރުފީނަށް ޚާއްޞަކަމެއް ދެވިފައި އޮތްކަމުގައި ޤަބޫލުކުރަން އޭނާގެ ޟަމީރު ވެސް ގޮވާލިއެވެ. އެ ދެމެދުގައި އޮތް ގުޅުމާ މެދު އެއްޗެއް ނުބުނިކަމުގައި ވިޔަސް ރުހައިލުގެ ވާހަކައާ ޝާރުދާ އެއްބަސްވިއެވެ.
“ފަރުހާނު ކޮންތާކަށް ދިޔައީ، ދަރިފުޅާއެކު އޭނާ ވެސް އުޅުނުހެން ހީވޭ”
“ފަރުހާނު ދިޔައީ ގެއަށް، ތަންކޮޅެއް ފަހުން އަންނާނެވާހަކަ ބުނި”
“އެހެންވިއްޔާ އަހަރުމެން އެކަނި ދޯ ތިބޭނީ ސައިބޯން، ބައްޕަ ވެސް އޭރު ދުރުވީ ބޭރަށް”
ޝާރުދާ މިހެންބުނިތަނާ އެމީހުންގެ ކައިރިންލާފައި ވަރުޝާ ދާން ފެށުމުން އޭނާއަށް ގޮވާ ސައިތައްޔާރުކުރަން ބުނެލިއެވެ. އިރުކޮޅަކުން ޝާރުދާ ވެސް ބަދިގެއަށް މިދަނީ ކަމުގައި ވެސް ބުނެލިއެވެ. ބޯޖަހާލާފައި ވަރުޝާ އައިސް ކާކޮޓަރި ތެރެއިންލާފައި ބަދިގެއަށް ވަނެވެ.
އަރުފީނު ކިޔަވައިދީ ނިންމާލާފައި ގޮނޑިން ފޫހިއްލާ ނުލެވެނީސް ޝާރުދާ އައިސް އޭނާގެ ކޮނޑުގައި އަތްޖައްސާލިއެވެ. އެއާއެކު އޭނާއަށް މަޖުބޫރުވީ އަލުން ގޮނޑީގައި އިށީންނާށެވެ. ހަމަ އެވަގުތު ރުހައިލު އައިސް އަރުފީނާ ޖެހިގެން ހުރި ގޮނޑީގައި އިށީނދެއްޖެއެވެ.
“ދެން ދާންވާނީ ސައިބޮއެގެން” ޝާރުދާ އަމުރެއްކޮށްލި ކަހަލައެވެ. އަރުފީނު އެއްޗެއް ނުބުނެ މަޑުމަޑުން އިނެވެ. އޭނާއަށް ހައިރާންކަން ލިބިގެން ދިޔައީ ރުހައިލުގެ ހަރަކާތްތަކުންނެވެ. ރުހައިލުގެ ސަބަބުން ޝާރުދާ ވެސް ހައިރާންކުރުވިއެވެ.
ހިނިތުންވެލައިގެން ރުހައިލު އިނދެ ހޫނު ކޮފީ އަޅާފައި ހުރި ޖަގުން އަރުފީނަށް ކޮފީތަށްޓެއް އަޅައިދިނެވެ. އަދި ސޭންޑްވިޗް ތަށި ކައިރިކޮށްލަ ދިނުމާއެކު އެއްފަރާތުގައި ހުރި ޗޮކުލެޓު ކޭކުތަށި ވެސް ކައިރިކޮށްލަދިނެވެ. ބޭއިޚްތިޔާރުގައި ކަހަލަ ގޮތަކަށް އަރުފީނަށް، ރުހައިލަށް ބަލަހައްޓައިގެން އިނދެވުނެވެ. ދެން ވެސް ރުހައިލު ފެނުނީ މާނަފުން ހިނިތުންވުމެއް އަރުފިނާ ބަދަލުކޮށްލި ތަނެވެ. ލޮލުން ކޮށްލި އިޝާރާތާއެކު އަވަހަށް ސައިބޯން ފަށަން ރުހައިލު އެދުނެވެ.
ކާކޮޓަރިން ނިކުން ވަރުޝާއާ މީހަކު ވާހަކަދައްކާ އަޑު އިވުމާއެކު ސައިބޯން އިނދެފައި ކާކުތޯ ޝާރުދާ ސުވާލުކޮށްލީ ތަންކޮޅެއް ބާރަށެވެ. އެއާއެކު ދެން ފެނުނީ ކާކޮޓަރިއަށް ވަދެގެން އައި މިލާންއެވެ. އޭނާއާއެކު ފަޒަލް ހުއްޓެވެ. ހީވަނީ ގެއިން ބޭރަށް ދިއުމަށްޓަކައި ދެމީހުން ވެސް ތައްޔާރުވެލައިގެން ތިބިހެނެވެ.
“ކޮންތާކަށް ދާންތިއުޅެނީ” ޝަރުދާ ސުވާލުކޮށްލި ނަމަވެސް އެ ދެމަފިރިން ތިބީ އަރުފީނާއި ރުހައިލަށް ބަލާލުމާއެކު ގަނޑުވެފައެވެ. އެމީހުންގެ އެ ހަރަކާތުން ހައްތަހާ ޝާރުދާގެ ހިތުގައި އުފެދިފައި އޮތް ޝައްކު ޔަޤީނާ ގާތްކުރިއެވެ.
“އަރުފީން…. ކިހިނެއްތަ؟” ހިމޭންކަން ނައްތާލާ ކުރިއަށް ޖެހިލި ފަޒަލް ވާހަކަދެއްކިއެވެ.
“އަޅުގަނޑުމެން މިދަނީ ރައްޓެއްސަކަށް ގޮވާލަން ހޮސްޕިޓަލަށް ދާންވެގެން، މިރޭގެ ވަގުތަކު އަންނާނަން” އަވަސް އެހެންނަމަވެސް ބީރައްޓެހި ގޮތަކަށް އަރުފީނަށް ހިނިތުންވެލި މިލާން ބުނެލިއެވެ. އަދި އޭނާ އަވަސްވީ އެތަނުން ނިކުތުމަށެވެ. ފަޒަލް ވެސް މާ ގިނައިރު އެތަނުގައި ހުންނާކަށް ގަސްދެއް ނުކުރިއެވެ. ރުހައިލަށް ގޮވާލާފައި ޝާރުދާ ގާތު ދަނީއޭ ބުނެ އެމީހުން އަވަހަށް ހިނގައްޖެއެވެ. އެއާއެކު ޝާރުދާގެ ނަޒަރު ސިއްރުވެރި ގޮތަކަށް ހުއްޓުނީ ރުހައިލަށެވެ. އަރުފީނުގެ ގޮނޑީގެ ފަހަތު ލެނގޭބައިގައި އޭނާ އަތްއަޅުވާލައިގެން ފަޒަލްމެންނަށް ބަލަން އިނީ ވަރަށް ސާބިތުކަމާއެކުއެވެ. ފެންނަފެނުމަށް އަރުފީނާ އޮތް ގާތްކަން މީހަކަށް ބުނެދޭން މަސައްކަތްކުރާ ފަދަ ގޮތަކަށެވެ. ނަމަވެސް އަރުފީނުގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. ރުހައިލުގެ ޢަމަލުތައް ހުރި ގޮތުން އޭނާއަށް އުނދަގޫވަނީ ކަމަށް ވެދާނެއެވެ.
އެންމެ ސޭންޑްވިޗްއެއް ކާލުމާއެކު ކޮފީތަށީގެ މެދާ ހަމައަށް ބޯލާފައި އަރުފީނު ނިންމާލިއެވެ. އަދި ދިއުމަށް އޭނާ ތެދުވާން އުޅުނެވެ.
“އިހަށް މަޑުކޮށްލަބަލަ، އޮންނާނެ އަރުފީއަށް ދޭންވެފަ އޮތް އެއްޗެއް، ހިނގާބަލަ” އަރުފީނާއެކު ތެދުވަމުން ރުހައިލު ބުނެލިއެވެ. އަދި ކުރިއަށް ދިއުމަށް އަރުފީނުގެ އަތުގައި ހިފާލިއެވެ. ހަމަ އެހާ އަވަހަށް އަރުފީނު އަތްދަމައިގަތީ ދެ ލޯ ބޮޑުކޮށްލަމުންނެވެ. އެ ތަން ފެނުނު ޝާރުދާ ލާނެތް ހިންޏެއް އައިސްފައި އިނދެ އިސްޖަހާލީ ނުފެންނަ ކަމަށް ހަދާލަމުންނެވެ.
“ހިނގާބަލަ….” ދެވަނަ ފަހަރަށް ރުހައިލު ބުނެލިއެވެ.
“އަރުފީނު، ރުހައިލު އެވަރަށް ބުނީމަ ދެން ދޭބަލަ…. ހަދިޔާ ދައްކާލަންވާނެ އިނގޭ” ޝާރުދާ ބާރުއެޅިއެވެ. އެވަގުތު ޔަލާ އިނދެފައި އޭނާ އަރުފީނާއި ރުހައިލާއެކު ދާން ބޭނުންވިއެވެ. އެކަން ރުހައިލު މަނާކުރިއެވެ. ޝާރުދާގެ ގާތުގައި އިހަށް އިނުމަށް ރުހައިލު ބުނެލިއެވެ. އަދި ޔަލާ ހައްދާލުމަށް ވާހަކައެއް ދައްކާލާފައި އޭނާ އެކަމާ ރުހުމުން ކާކޮޓަރިން ނިކުންނަން ދިޔައެވެ.
ރުހައިލާއެކު އަރުފީނު އައިސް ލިފްޓަށް އެރިއެވެ. ލިފްޓުގެ ދޮރު ލެއްޕުމާއެކު ރުހައިލު ޖެހިލީ އަރުފީނާ ގާތަށެވެ. ބިރެއްފެނިފައި ހުރި މީހަކުހެން އަރުފީނު ދެމިގަތީ ރުހައިލާ ދުރަށެވެ. ލިފްޓުތެރޭ ރުހައިލުގެ ހުނުމުގެ އަޑު ހަރުލައިގެން ދިޔައެވެ. ހައިރާންވެފައި އަރުފީނު ބަލަހައްޓައިގެން ހުރީއެވެ. ދެން ވެސް ރުހައިލު މަޑުމަޑުން އަރުފީނާ ގާތަށް ޖެހެންފެށިއެވެ.
“ވަޓްސް ރޯންގ ވިތް ޔޫ…” ދެބުމަ ކައިރިކޮށްލާފައި އަރުފީނު ބުނެލިއެވެ.
“އަހަންނަށް އެކަނިތަ ކަމެއްވީ” ރުހައިލު މިހެން ބުނުމާއެކު ލިފްޓުގެ ދޮރު ހުޅުވިއްޖެއެވެ. އަވަސް އަވަހަށް ނިކުމެ ލިފްޓުގެ ދޮރުގައި އެއްއަތް ޖައްސާލައިގެން ލެއްޕުނަ ނުދީ ހިފަހައްޓާލީ އަރުފީނު ނިކުންނަން ދެނެވެ. އަރުފީނު ނިކުތުމާއެކު އޭނާ މިސްރާބުޖެހީ ކޮޓަރިއަށެވެ.
“ތިހެން ނުހުރެ ވަދެބަލަ، ވަނަކަސް އަހަރެން އަރުފީ ކައެއްނުލާނަން” ރުހައިލުގެ ހުރި ސަމާސާގޮތް އަރުފީނުގެ ހިތުގެ ހިނގުން އަވަސް ކުރިއެވެ. މިނޫނީ އޭނާ ދުވަހަކު ވެސް ރުހައިލުގެ ކޮޓަރިއަށް ވަދެފައެއް ނުވެއެވެ. ރުހައިލުގެ ބޭނުމަކީ ކޮބައިކަން ނޭނގޭތީ ނޭވާ ހިފަހައްޓާލައިގެން ހުރެ އެ ކޮޓަރިތެރެއަށް ދެތިން ފިޔަވަޅު އަޅާލުމާއެކު އަރުފީނުގެ އަތުގައި ހިފާ ރުހައިލު ދަމައިގަތެވެ. ދެ ލޯ މަރާބާރުކޮށްލައިގެން ހުރި އަރުފީނުގެ ނޭވާ އަވަސްވުމާއެކު ހަޅޭލަވައިގަނެވުނެވެ. ހުޝިޔާރުކަމާއެކު ރުހައިލު އަރުފީނުގެ އަނގަމަތީ އަތްއަޅާލިއެވެ.
“އަހަރެން މިހިރަ މޮޔަވަނީކަން އަރުފީއަށް އެނގޭތަ…”
“އަހަރެން ދޫކޮށްލާ… ކީއްކުރަންތަ މިތަނަށް ގެނައީ… ރުހައިލުގެ މަންމަ އަތުވެދާނެ ޕްލީޒް ދޫކޮށްލަބަލަ… ތިހެން ނޫޅެފާނަންތަ” އަރުފީނު ދެބުމަ ކައިރިކޮށްލުމާއެކު ރުހައިލުގެ މޭގައި ދެއަތުން އަޅާ ކޮށްޕަން ފެށިއެވެ.
“ދޫކޮށްލާނީ އަހަންނަށް ދެން ނުފިލާމަތިން”
“އަހަރެން ބުނަން އުޅޭ އެއްޗެއް ވެސް އަޑުއަހާފާނަންތަ؟”
“ދެނެއް އަޑެއް ނާހާނަން، އެއްވެސް އެއްޗެއް އަޑެއް ނާހާނަން… އަހަންނަށް މިހާރު ހުރިހާކަމެއް ވެސް އެނގިއްޖެ، އަރުފީނު ހީކުރީ އަބަދު ހުރިހާކަމެއް ސިއްރުވެފައި އޮންނާނެކަމަށްތަ؟”
ޔަލާ ގޮވައިގެން އައި ޝާރުދާއަށް ރުހައިލުގެ ކޮޓަރި ހުރަސްކަނޑާލި ވަގުތު ރުހައިލުގެ އަޑު ސާފުކޮށް އިވިގެން ދިޔައެވެ. އޭނާ ޔާލާ ގެންގޮސް ކުޅެން ބައިންދާފައި އެނބުރި އައިސް ހުއްޓިލީ ރުހައިލުގެ ކޮޓަރި ދޮރުމަތީއެވެ. ކުޑަކޮށް ހުޅުވިފައި ދޮރުގެ ދޭތެރެއިން ޝާރުދާއަށް ފެނުނު މަންޒަރުން އަވަހަށް ނިވާވެލުމަށް ފާރާ ކައިރިއަށް ޖެހިލެވުނެވެ. ނަމަވެސް އެހެން އޭނާއަކަށް ނުހުރެވުނެވެ. ބޮޑުވެފައި ހުރި ލޮލުން އޭނާ ސިއްރުސިއްރުން ރުހައިލުގެ ކޮޓަރިތެރެ ބަލާލީ ފެނުނު ކަންތައް ޔަޤީންކުރުމަށެވެ. ރުހައިލުގެ އަތުގެތެރޭގައި އަރުފީނު ހިފަހައްޓާލައިގެން ހުރިގޮތް ޝާރުދާއަށް ފެނުމުން އޭނާއަށް ކުރެވުނު ހީ ޔަޤީންވިއެވެ. އަނގައިގާ އަތްއަޅާލެވުމާއެކު ހިންދިރުވާލިއެވެ. ރުހައިލު އާއި އަރުފީނުގެ ދެމެދުގައި ދެބަސްވުމެއް ހިނގަނީކަން އެމީހުންގެ ވާހަކަތަކުން ޝާރުދާއަށް އެނގުނެވެ. ހުރިހާކަމެއް އެނގެން ބޭނުންވެފައި ހުރި ޝާރުދާއަށް ދުރަށް އެންމެ ފިޔަވަޅެއް ވެސް ނޭޅުނެވެ. އޭނާގެ ކަންފަތަށް ރުހައިލުގެ ވާހަކަތައް ވެސް އަރުފީނުގެ ވާހަކަތައް ވެސް އިވެމުންދިޔައެވެ.
“އެންމެ ފަހަރަކު ވެސް އަރުފީ އަހަރެން ގާތު ބުނިނަމަ… އައި އެމް ސޮރީ…. ސޮރީ ފޯ އެވްރީތިންގ… ފަރުހާނު މިދޭތެރެއަށް ވެއްދީ އަހަރެން… ބޭނުންވީ އަހަންނަށް ނައިރާއާ އިންނަން މަޖުބޫރުވި ގޮތަށް އަރުފީއަށް ވެސް ފަރުހާނާ އިންނަން މަޖުބޫރުކުރަން، އަހަރެން ވީ ދެރައާ އަހަރެން އުޅެން ޖެހުނު ގޮތް އަރުފީނަށް ވެސް އިހުސާސްވާނީ އޭރުންކަމުގައި ހީކުރެވުނީ… ހަޤީޤަތުގައި ނައިރާގެ ކުށެއްނެތް، އަރުފީގެ ވެސް ކުށެއްނެތް…. ކުށްވެރިއަކީ ބައްޕަ…. އާން! އަރުފީއަށް އަހަންނާ ދުރަށްދާން މަޖުބޫރުކުރި މީހަކީ އެއީ އެއްނު… އަހަރެންގެ ބައްޕައެއްނު”
“ރުހައިލުގެ ބައްޕަ އެއީ… އެއްވެސް ބައްޕައެއް ނޭދޭނެ އޭނާގެ ދަރިއަށް ދެރަގޮތެއް، ފަހަރެއްގައި ރުހައިލަށް އުނިކަމެއް ނުފެންނަނީ އަހަރެންދެކެ ލޯބިވާތީ، އޭގެ މާނަކީ އަހަރެންގެ އުނިސިފަތަކެއް ނެތީއެއްނޫން…”
“ތިބުނާ ޕާފެކްޓު މީހަކީ ކާކުތަ؟ އަހަންނަށްޓަކައި އަރުފީ ކޮންމެހެން ޕާފެކްޓުވާކަށް ނުޖެހޭ…. އަހަރުމެންގެ ލޯބި ފުރިހަމައެއްނޫންތަ؟ ގައިމު ފުރިހަމަ ވީމާތާ އެ ލޯބީގައި އެއްވެސް އުނިކަމެއް ފާހަގަނުވީ، އަހަންނަށް އަރުފީދެކެ ވެވުނު ލޯއްބަށް ބަދަލެއް ނާދޭ… ނުވެސް އަންނާނެ، ބައްޕަގެ ނިންމުން ރަނގަޅެއްނޫން، އަހަންނަށް ލޯބިވެވުނީ ހަމައެކަނި އަރުފީދެކެ، ކައިވެނީގެ ގޮތުން ހަމައެކަނި ގުޅެން ބޭނުންވި ފަރާތަކީ ވެސް ތީ… އަހަރެންގެ ފުރަތަމަ ދަރިފުޅުގެ މަންމައަށްވާން ބޭނުންވި ބައިވެރިޔަކީ ވެސް ތީ، ޕްލީޒް… ޕްލީޒް އަރުފީ… އަހަރެން ލައްވާ އިތުރަށް ގޯސްތަކެއް ނުހަދުވާ އަހަރެންގެ ގާތަށް އާދޭ…”
“މި ޢާއިލާގެ އުފާވެރިކަން ގެއްލޭކަށް އަހަރެން ނޭދެން…” ދެ ލޯ ފުރިބަންޑުންވުމާއެކު އެއްފަރާތަށް އެނބުރިލަން އަރުފީނު އުޅުނެވެ. އެހެންނަމަވެސް އެ ފުރުޞަތެއް ރުހައިލު ނުދިނެވެ. ކުއްލިއަކަށް އަރުފީނުގެ ދެކޮނޑުގައި ހިފާ އޭނާއާ ދިމާއަށް އަނބުރާލިއެވެ.
“ބައްޕައަކަށް ނުވިސްނޭނެ… އަހަރެންގެ މި ކަންފަތުން އަޑުއެހީ އަރުފީއާ އިންނަން ފަރުހާނު އުޅޭކަން ބުނުމުން ބައްޕަ ކީހާ އެއްޗެހި، ހީޒް އެން އެރޮގޮންޓް އީގޯޓިޒަމް ޕާރސަން… އައި ހޭޓް ހިމް… އަހަރެން ދުވަހަކު ވެސް މާފެއް ނުކުރާނަން ބައްޕައަކަށް…. އަހަރެންގެ އަރުފީ އަހަންނާ ދުރުކުރުވި މީހަކީ އެއީ… އައި ލަވް ޔޫ….” ރުހައިލަށް އިތުރަށް ކެތެއްނުވިއެވެ. އަރުފީނުގެ ގައިގާ ބައްދާލުމާއެކު އޭނާގެ ދެލޮލުން ވެސް ކަރުނަ އަތުވެއްޖެއެވެ. އަރުފީނު އޭނާއާ ދުރަށްދާން މަސައްކަތްކުރާއިރު އެންމެ ހިނދުކޮޅަކަށް ވެސް އަރުފީނު ދޫކޮށްލާކަށް ރުހައިލު ބޭނުމެއްނޫނެވެ.
ދޮރުމަތީ ސިއްރުން ބަލަން ހުރި ޝާރުދާ އެއްއަތުން ކޯތާފަތުން ފައިބައިގެން ދިޔަ ކަރުނައިގެ ރޮނގު ފުހެލިއެވެ. ދެފަރާތަށް ބޯހޫރާލުމާއެކު ފާރުގައި ލެނގިލަމުން ދެއަތުގައި މޫނު ފޮރުވާލިއެވެ.
“މަލީކު…..” ވައިއަޑުން ޝާރުދާއަށް ބުނެލެވުނެވެ.
ދެމީހުންނަށް ވެސް ރޮވެނީއެވެ. މިފަހަރު އަރުފީނަށް ވެސް ގަދައެއް ނުހެދުނެވެ. ރުހައިލުގައި ދެއަތް ވަށާލުމާއެކު އެ މޭގައި މޫނު ފޮރުވާލެވޭނޭހާ އެންމެ ބޮޑަކަށް ފޮރުވާލިއެވެ. އިރުކޮޅަކު އެހެން ތިބުމަށްފަހު އަރުފީނު ދުރަށް ޖެހިލިއެވެ. އަރުފީނުގެ ހިތުގައި ފޮރުވާފައިވާ ލޯބި އެ ދެލޮލުގައިވި ކަރުނައިގެ ތެރެއިން ވިދަންފެށިއެވެ.
“ޕްލީޒް… ބީ ވިތް މީ…” ރުހައިލަށް ބުނެލެވުނެވެ. އެހިނދު ލޯތްބާއި އޯގާތެރިކަމާއެކު ރުހައިލުގެ މޫނުގައި ދެއަތުން އަރުފީނު ހިފާލިއެވެ. އެތުންފަތުގައިވި ލުއި ހިނިތުންވުން ރުހައިލުގެ ހިތް ބިރުވެރިކަމުން ފުރާލިއެވެ. ނައިރާއާ ކައިވެނިކުރިރޭ އަރުފީނު އޭނާއަށް ދިން އެންމެ ފަހުގެ ހަދިޔާއަކީ އެއީއެވެ.
“އަރުފީ… ނޯ އަރުފީ….” ބޭއިޚްތިޔާރުގައި ރުހައިލަށް ބުނެލެވުނެވެ. އަރުފީނު ލޯތްބާއިއެކު ރުހައިލުގެ ދެ ލޯ ފުހެލަދެމުން ފައިގެ އިނގިލިތަކުގެ ކޮޅަށް ހަށިގަނޑު އުފުލާލުމާއެކު ރުހައިލު ތިރިވެލިއެވެ. އެހިނދު ރުހައިލުގެ ނިތްކުރީގައި އަރުފީނު ބޮސްދިނެވެ. ދެފަރާތަށް ބޯހޫރާލުމާއެކު ނުރޯށޭ އަރުފީނު ބުނެލި ކަހަލައެވެ.
“އައި ހޭޓް ޔޫ… އައި ހޭޓް ޔޫ…” ރޮވެމުން ގޮސް ތުންފިއްތަމުން އަރުފީނު ބުނެލިއެވެ. ހަޤީޤަތުގައި އޭނާގެ ހިތުގައި ފޮރުވިފައިވާ ލޯބި ރުހައިލަށް ފެންނަމުންދިޔައެވެ. ލަފުޒުތަކަކަށް އެ ލޯބި އެވަގުތު ބޭނުމެއްނުވާކަހަލައެވެ.
“އައި ނޯ… އައި ނޯ ބޭބީ… އައި ނޯ…” އަރުފީނުގެ މޫނުގައި ދެއަތުން ހިފާލުމާއެކު ރުހައިލު ވައިއަޑުން ބުނެލިއެވެ.
“އަހަރުމެންނަކަށް މި ނޫންގޮތެއްނެތް، މި ޢާއިލާގެ އުފާވެރިކަން ގެއްލި…. ޝާރުދާދައްތަގެ އުފާވެރިކަން ގެއްލޭކަށް އަހަރެން ދުވަހަކު ވެސް ނޭދޭނަން…. އެނގޭ މަންމައަކު ދަރިއަކުދެކެވާ ލޯބި އަހަރެންދެކެ ޝާރުދާދައްތަ ވާކަން، ރުހައިލު… އަހަންނަށް މަޖުބޫރުނުކުރޭ… އަހަންނަށް ދުވަހަކު ވެސް ހަމަޖެހުމެއްނުލިބޭނެ މި ޢާއިލާގެ އުފާވެރިކަން ނަގާލާފައި…”
“އަހަރެން ދުވަހަކު ވެސް މީހަކާ ނީންނާނަން، ބައްޕަގެ ރުހުން ލިބޭނީ މިދުނިޔެއަށް އެންމެ ފަހު ނޭވާ ދޫކޮށްފައިދާފަހުން”
“ރުހައިލު… ތިހެން ނުބުނޭ… ބައެއްފަހަރު ލޯއްބަކީ ހުރިހާ އެއްޗެއްނޫން”
“އަރުފީނު އަހަރެންދެކެ ވަރަށް ލޯބިވާކަން އެނގޭ… ތިހިތުގައި ވަނީ ހަމައެކަނި އަހަރެން…. އޮންލީ މީ… އެކަން ވެސް އަހަންނަށް އެނގޭ…”
“ނޫން….”
“އަރުފީ ތިހާ ވަރަށް ތި ރޮނީ އެހެންވެ… އަހަރެންގެ ހިތުގައި ޖެހުމަކީ ތިހިތުގައި ވޭންއަޅާކަމެއް…”
“އަހަންނެއް ނުރޮން…” ތުންފިއްތަމުން ދެ ކޯތާފަތް ފުހެމުން އަރުފީނު ބުނެލިއެވެ. އެހެންނަމަވެސް އޭނާގެ ކަރުނައަށް ނިމުމެއްނެތެވެ. އެ މަންޒަރު ފެނި ކަރުނައިގެ ތެރެއިން ރުހައިލަށް ހީނލެވުނެވެ. އަދި ލޯތްބާއެކު އަނެއްކާ ވެސް އަރުފީނުގެ ކޯތާފަތް ދެއަތުން ފުހެލަ ދެމުން މޭގައި ފޮރުވާލިއެވެ.
“އައި ލަވް ޔޫ… އައި ލަވް… ޔޫ…” އަރުފީނުގެ އަޑު ރުހައިލަށް އިވުމާއެކު އޭނާއަށް ދެ ލޯ މަރާލެވުނެވެ.
“އައި ލަވް ޔޫ ޓޫ…” އަރުފީނުގެ ބޮލުގައި ރުހައިލު ބޮސްދިނެވެ. އަރުފީނު ހިމަދިގު މޫނުގެ އެތަންމިތަނުގައި ރުހައިލަށް ބޮސްދެވުނެވެ.
“ލެޓް މީ ގޯ…” ރުހައިލުގެ މޭގައި ލައްވެލައިގެން ހުރެ ބުނެލިއެވެ. އެހެންނަމަވެސް އަރުފީނުގެ އުނަގަނޑު ވަށާލާފައި އޮތް ރުހައިލުގެ އަތް ކުރިއަށްވުރެ ވެސް ބާރުކޮށްލިއެވެ. ދޫކޮށްނުލާނަމޭ ބުނާ ކަހަލައެވެ.
“ރުހައިލު… ލެޓް މީ ގޯ… އަހަރެން… އަހަރެން ދެން އެނބުރިއެއް ނާންނާނަން” އަރުފީނު އަނެއްކާ ވެސް ބުނެލިއެވެ. އެއާއެކު ރުހައިލު މަޑުމަޑުން އޭނަގެ އަތް ދޫކޮށްލިއެވެ. އަރުފީނު މިނިވަންކަމާއެކު ދާން ދޫކޮށްލީއެވެ. އިސްޖަހާލައިގެން ހުރެއެވެ. ދެ ލޯ ފުހެލުމަށްފަހު އަރުފީނު ހިނގައިގަތީ އެ ކޮޓަރިން ނިކުންނާށެވެ.
“ޔޫ މޭ ގޯ… އެކަމަކު އަހަރެން އަރުފީނު ހޯދާނަން، ބައްޕައަށް އަހަރެންގެ އުފާތަކަށް ދެނެއް ހުރަހެއް ނޭޅޭނެ، އަރުފީނު ވާނީ ހަމައެކަނި އަހަރެންގެ މީހަކަށް” ކޮޓަރިން ނިކުމެނިކުމެ ހުރި އަރުފީނަށް ރުހައިލު ބުނެލިއެވެ. ހުއްޓިލާފައި ވެސް އަރުފީނު އަވަހަށް ހިނގައިގަތެވެ. އޭނާ އިތުރަށް އެންމެ ސުކުންތެއް ވެސް ރުހައިލުގެ ގާތުގައި މަޑުކޮށްފިނަމަ ދުރަކަށް ނުދެވޭނޭކަން އެނގޭތީއެވެ.
ހަލުވިކޮށް އައިސް ޔަލާގެ ކޮޓަރިއަށް ވަދެ ހުރި ޝާރުދާއަށް ރުހައިލުގެ ކޮޓަރިން ނިކުން އަރުފީނު ފެނުނެވެ. އޭނާ އަދިވެސް ރޮނީއެވެ. ދެ ފަރާތް ހޯދާލުމާއެކު ދުވެފައި ސިޑިން ފައިބައިގެން ހިނގައްޖެއެވެ.
“އަރުފީނު… ރުހައިލު…. ރުހައިލު ލޯބިވަނީ އަރުފީނުދެކެ… އެ ދެކުދިން ގުޅެން ބޭނުންވާއިރު…. މަލީކު… މަލީކު ކީއްތިކުރީ، އަހަންނަށް ވެސް އޮޅުވާލީތަ؟ ރުހައިލު ލޯބިވަނީ އަރުފީނުދެކެކަން އެނގިހުރެ އެ ދެމެދަށް ނައިރާ ގެނައީ ކީއްވެ” ޝާރުދާ ދެލޯ ފުހެލަމުން އަމިއްލަ ހިތާ ޝަކުވާކޮށްލިއެވެ.
ރޭގަނޑުގެ ކެއުމުގައި މަލީކު ބައިވެރިވިއިރު ޝާރުދާ އިނީ ހިމޭންވެފައެވެ. އެމީހުންނާއެކު ރުހައިލު ބައިވެރިއެއް ނުވެއެވެ. އެއީ ކީއްވެކަން މިހާރު ޝާރުދާއަށް އެނގެއެވެ. އެހެންވެ ރުހައިލު ކާމޭޒުގެ ދޮށަށް ގެންނާކަށް އޭނާ އެއްވެސް ބާރެއް ނާޅައެވެ. މަލީކު ވާހަކައެއް ދެއްކުމުން ވެސް ޝާރުދާ ޚިޔާރުކުރީ ހިމޭންކަމެވެ. އެއާއެކު ކަމެއް ގޯސްވެއްޖެހެން މަލީކަށް ވިސްނައިގަނެވުނެވެ.
“އަހަންނަށް ގޯސްކޮށްކަމެއް ކުރެވުނީތަ؟” މަލީކު މަޑުމަޑުން އަހާލިއެވެ. އެއާއެކު ކާންއިންތަށްޓަށް ސަމުސާ ދޫކޮށްލުމާއެކު ޝާރުދާ ކާކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ. ދުވަހަކު ވެސް ޝާރުދާގެ ފަރާތުން ފެނިފައިނުވާ ޢަމަލަކަށްވާތީ މަލީކަށް ސިހިފައި އިނދެވުނީއެވެ. އަދި ވިސްނާލެވުނެވެ. އޭނާއަށް ޝާރުދާ ހިތްހަމަނުޖެހޭވަރުކަމެއް ކުރެވުނުތޯއެވެ.
ކޮޓަރިއަށް އައިސް ވަންއިރު ޝާރުދާ އިނީ އެނދަށް އަރާ ދެފައި ދަމާލައިގެން އިށީނދެވެ. ހަޝަމްބަދެލައިގެން އިން އިރު އޭނާ ރޮނީކަން މަލީކަށް އެނގުނެވެ. ވަގުތުން ކޮޓަރީގެ ދޮރުލައްޕާލުމާއެކު އައިސް ޝާރުދާގެ ގާތުގައި ކުޑަކަކޫ ޖަހާލިއެވެ.
“ޝާރުދާ… ކިހިނެއްވީ؟ ކީއްވެ ރޮނީ….”
“ތީ ކުށްވެރިއެއް…” ރޮވިފައި އިނދެ ޝާރުދާ މިހެން ބުނެ ލޯއަޅާލިއެވެ.
“އަހަރެން ކުށެއްނުކުރަން، ޝާރުދާ ހިތުގައިޖެހޭވަރުގެ ކަމެއް އަހަރެން ނުކުރަން”
“ދޮގު ހެދުމުގެ ބޭނުމެއް ދެން ނެތް، ހުރިހާކަމެއް ވެސް މިހާރު އަހަންނަށް އެނގިއްޖެ”
“ކޮންކަމެއްތަ؟ ކީކޭތަ ޝާރުދާ ތިކިޔަނީ” މަލީކުގެ މޫނުމަތިން ސީރިއަސްކަން ފާޅުވެގެން ދިޔައެވެ. އޭނާއަށް އެއްގޮތަކަށް ވެސް ޝާރުދާ އެ ދައްކަނީ ކޮންވާހަކައެއްކަމެއް ނޭނގުނެވެ.
“ރުހައިލު ލޯބިވަނީ އަރުފީނުދެކެ… ނައިރާދެކެއެއްނޫން….” ޝާރުދާ މިހެން ބުނުމާއެކު މަލީކަށް ފަހަތަށް ޖެހިލެވުނެވެ. އޭނާގެ އެ ހަރަކާތުން ރުހައިލު މަލީކުގެ ބޮލުގައި އަޅުވާ އިލްޒާމަކީ ތެދުކަން ހާމަވިއެވެ.
“ކީއްވެ އެހެން ހެދީ؟ އަރުފީނު ކަޅުވީމަތަ؟ އޭނާ ބަލާލަން ހުތުރީތަ؟ އަހަރުމެން ހެން ފައިސާވެރިއަކަށް ނުވީމަތަ، މާލޭކުއްޖަކަށް ނުވީމަތަ؟ ބުނެބަލަ މަލީކު… ކީއްވެ އަހަރެންގެ ދަރިފުޅުގެ އުފާތައް ނަގާލީ…. ކީއްވެ އެހާ ބޮޑު ހިތާމައެއް އޭނާއަށް ދިނީ… އޭނާ އަރުފީނާ ހެދި އެހެރަ މޮޔަވަނީ… ތީތަ ރުހައިލުދެކެ މަލީކުވާ ލޯއްބަކީ… ބުނެބަލަ… ކީއްވެތަ އެއްޗެއް ނުބުނެ ތިހުންނަނީ” މަލީކު ތެދުވެގެން ދުރަށް ޖެހިލުމުން އޭނާގެ ފަހަތުން ޝާރުދާ އައިސް މަލީކުގެ އަތުގައި ހިފާ ތަޅުވައިގަތެވެ. އެހެންނަމަވެސް މަލީކަށް ބުނާނޭ އެއްޗެއް ނޭނގުނެވެ.
“އަރުފީނަކީ ރުހައިލާ އެންމެ އެކަށޭނެ ބައިވެރިޔާ… އެ އަންހެންކުއްޖާ ރުހައިލުގެ ލޯއްބަށް ފުރަގަސް އެ ދެނީ މަލީކުއަށްޓަކައި، މި ޢާއިލާގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި…. މަލީކުގެ ރުހުން ލިބޭނޭ ދުވަހަކަށް އޭނާ އެ ހުންނަނީ، އެކަމަކު މަލީކު ތިކުރި ކަމެއްގެ ސަބަބުން އަހަރުމެންގެ ގާތުގައި ހުރި ދަރިފުޅު ވެސް އަހަރުމެންނަށް ގެއްލުނީ…. އޭނާގެ އުފާތަކަށް ހުރަސް އަޅާ ބަޔަކީ އޭނާގެ މައިންބަފައިންނަށް ވީއިރު އަހަރުމެންގެ މައްޗަށް އޭނާގެ ހިތުގައި އޮތް ލޯބި ނަފުރަތަށް ބަދަލުކުރީ ހަމަ މަލީކު…”
“ޝާރުދާ…”
“ދެން ހެޔޮ، އަހަރެންގެ ރުހައިލަށް ނިންމުން ނިންމައިދޭކަށް މަލީކަކަށް ދެން ނުޖެހޭނެ، އެކުއްޖާގެ އުފާވެރިކަން އަނބުރާ ހޯދައިދޭން އޭނާގެ މަންމަ އަދި ދުނިޔޭގައި އެބަހުރި، މަލީކު ނުރުހުނަސް އަހަރެންގެ ޅީދަރިއަކަށް އަރުފީނު ނޫން ކުއްޖަކު ނުވާނެ، ރުހައިލުގެ އަނތްބެއްގެ ގޮތުގައި މިގޭގައި އުޅެން އަންނާނީ އަރުފީނު… މަލީކު ހިތްހަމަނުޖެހެންޏާ އަހަރެންގެ ދަރިފުޅުގެ އުފަލަށްޓަކައި އެކުއްޖާއާއެކު މިގެއިން ނިކުމެގެން ހިނގައިދާނަން، އަހަންނަށް މި މުއްސަނދި ދިރިއުޅުމުން ލޯބިވާ ދަރިފުޅުގެ އުފަލެއް ގަނެއެއްނުދެވުނު، ދުނިޔޭގައި ނެއްވަރުގެ ރީތި އަނތްބަކު މަލީކު އެކުއްޖާއަށް ހޯދައިދިންއިރު އޭނާގެ އުފާވެރިކަން މުހިއްމެނުވި، ދުވަހަކު ވެސް ރުހައިލުގެ ގައިގާ މަލީކު ނުޖެހި ނަމަވެސް މިއަދު ތީ އަނިޔާވެރިއެއް….”
އެނދުގައި އިށީނދެ ދެއަތްތިލާގައި މޫނު ފޮރުވާލަމުން ޝާރުދާ ރުޔެވެ. އޭނާގެ ކަންފަތުގައި ރުހައިލާއި އަރުފީނުގެ ރުއިމުގެ އަޑު ހަރުލާފައިވާ ކަހަލައެވެ. އެ ދެމެދުގައި ކުރެވެމުންދިޔަ އާދޭހުގެ އަޑު ހިތް ތޮރުފަމުން ދާކަހަލައެވެ. އެތައް އަހަރެއް ވަންދެން އެ ލޯބިވެރިން އެކަކު އަނެކަކަށް ކުރި ދިގު އިންތިޒާރު ސިކުނޑިއަށް ނަގައިނުގަނެވުނު ނަމަވެސް ހިތަށް އަސަރުކުރުވައިފިއެވެ. ރޮވެނީ އެހެންވެއެވެ. ދަރިފުޅުގެ ހިތްދަތި ދިރިއުޅުމާ އެކަނިވެރިކަމުގެ ހަޤީޤަތް އެނގުނީމައެވެ.
* * * *
ފަތިސް ނަމާދަށް ދިއުމަށް ޝާރުދާ ނުގޮވިއެއް ކަމަކު މަލީކު ތެދުވެގެން ނަމާދަށް ދިޔައެވެ. އޭރު ކޮޓަރި ތެރޭ ޝާރުދާ ހުރީ ނަމާދަށް އަރައެވެ. ދެމަފިރިންގެ ދެމެދަށް އައި ދުރުކަމާއެކު މަލީކުގެ ހިތަށް އަސަރުކުރިއެވެ. ހަޔާތުގެ ކޮންމެ ދުވަހެއްމެ ނިމިގެން ގޮސްފައިވަނީ ޝާރުދާގެ އެހީތެރިކަމާއި އެއްބާރުލުމާއެކުއެވެ. އޭނާގެ އަތުން ދުވަހަކު ވެސް ދޫކޮށްނުލާނޭ ވަފާތެރި ބައިވެރިއެކެވެ. ނަމަވެސް ޝާރުދާގެ ރުއިމާ ޝަކުވާގެ އަޑުއިވި އޭނާގެ އަމިއްލަ ނަފުސު ވެސް މަލީކަށް މަލާމާތްކުރާ ކަހަލައެވެ. ލޯބިވާ އަބިމީހާގެ ހިތުގައި ޖެހޭވަރުކަމެއް ދުވަހަކު ވެސް ނުކުރަން ނިންމައިގެން ހުރި މަލީކު މިއަދު މިވަނީ ޝާރުދާ ރޮއްވާލާފައެވެ.
ފަތިސް ނަމާދުން ފައިބައިގެން އައިސް ގޭޓު ކައިރީ މަގުމަތީ މަލީކު މަޑުކޮށްލައިގެން ހުއްޓެވެ. ވިސްނާ ފިކުރު ހިންގުމުގައެވެ. އޭނާގެ ޢަމަލުތަކާމެދު ވިސްނާ މީހަކު ހެންނެވެ. ޝާރުދާ އޭނާއާ ކުރިމަތި ކުރުވި ސުވާލުތަކަށް އޭނާއަށް ޖަވާބު ނުދެވުނު ސަބަބަކާމެދުގައެވެ. އަރުފީނާ މެދު ހަޤީޤަތުގައި އޭނާ ހިތްހަމަނުޖެހެންވީ ސަބަބަކީ ކޮބައިބާއެވެ. އެތައް އިރަކު އެހެން ހުރެފައި އައިސް ގޭތެރެއަށް ވަނެވެ. ކާކޮޓަރިއަށް އައިސް ވަންއިރު އެތަނުގައި އުޅެނީ ވަރުޝާއެވެ. ފެންނަ ހިސާބުގައި ޝާރުދާ އުޅޭކަމުގެ އެއްވެސް ލިސާނެއްނެތެވެ. މަލީކު ފެނުމާއެކު ސައިހަދަންވީތޯ ނޫނީ ކޮފީ ގެންނަންވީތޯ އަހާލީ ވަރުޝާއެވެ.
“ކޮބާ މެޑަމް…” މަލީކަށް ކެތްނުވެގެން އަހާލިއެވެ.
“މެޑަމް ބުނުއްވީ ބޮސް އަންނަން ދެން މިތާ މަޑުކުރުމަށް، ދެން ބޮސް ބޭނުންވާ އެއްޗެއް ހަދައިދިނުމަށް” ވަރުޝާ މިހެން ބުނުމުން މަލީކު ބޯޖަހާލާފައި ކާކޮޓަރިން ނިކުތެވެ.
“ހާދަ ދުރެއް ތިކޮށްލީ، އަހަރެންގެ ދުވަހުގެ ފެށުން ފެށެނީ ޝާރުދާއާއެކު، އެކަން ވެސް ތި ހަވާލުކުރީ ގެންގުޅޭ މީހުންނާ” އިސްޖަހާލައިގެން ހުރެ މަޑުމަޑުން މަލީކު ބުނެލިއެވެ.
އޮފީހަށް މަލީކު ދިޔައީ ގޭގައި ހުންނަން ބޭނުންނުވެގެންނެވެ. ޝާރުދާ ނުރުހުންވެފައި ހުންނަތަން ބަލަން ބޭނުންނުވެގެންނެވެ. ޝާރުދާ ސައި ހަދާ ނުދޭތީ އޭނާ ދިޔައީ ސައި ވެސް ނުބޮއެވެ. އެހެންޏާ ގެއިން ނިކުމެގެން ދަނީ ހިތްހަމަޖެހިފައި ހުރެއެވެ. އެހެންނަމަވެސް މިއަދު މަލީކު ފަހުރުވެރިކަމާއެކު އުފުލާލާފައި ހުންނަ އިސް ފެންނަނީ ތިރިކޮށްލައިގެން ހުރެ ކުރިއަށް ދާތަނެވެ.
ހަމަހިމޭންވެފައި އޮތް ގޭތެރެއިން މީހަކު ސަލާމްގޮވާ އަޑަށް އާތިޤާއަށް ބަލާލެވުނީ އަތުކުރީ އޮތް ގަޑިއަށެވެ. މެންދުރު އެއްގަޑި ބައިވަނީއެވެ. ޙައިދަރު އާއި ލުތުފީގެ އިތުރުން އުނައިސް މެންދުރުގެ ކާގަނޑިއަށް އޮފީހުން އަންނަންވާއިރު އޭނާ އުޅުނީ ކޭމޭޒުމަތީ ތަށިއަތުރާށެވެ.
“މިގަޑީގައި ކާކުބާ އެއީ” މިހެން ބުނެލަމުން އަތުގައި އޮތް ބިއްލޫރިތަށި މޭޒުމަތީ ބަހައްޓާފައި ބޮޑުކޮޓަރިއާ ދިމާއަށް އައެވެ.
“ވައިލެކުމުއްސަލާމް” އާތިޤާ ސަލާމް ބަލައިގަތުމާއެކު ދެން ބުނަންވީ އެއްޗެއް ނޭނގިފައި ހުރީއެވެ. ކުރިމަތީގައި ހުރީ ޕާކިސްތާނު ހެދުން ލާފައި ހުރި ހެޔޮވަރު އިސްކޮޅެއްގެ ކުޑަފަލަކަމެއް ހުރި ދޮން އަންހެނެކެވެ. މޫނުގައި ހިތްހެޔޮ ހިނިތުންވުމެއް ހުއްޓެވެ.
“ޙައިދަރު އެބައުޅުއްވާތޯ… އަރުފީނުގެ ބައްޕަ…”
“ދޮންބޭބެ އިރުކޮޅަކުން އަންނާނީ، މިހާރުވީ އޮފީހުގައި”
“އަޅުގަނޑު… އަޅުގަނޑުމީ ރުހައިލުގެ މަންމަ…”
“ޝާރުދާ ދޯ… އަވަހަށް ދުރުވޭ…” ޝާރުދާގެ ވާހަކަ ނުނިމެނީސް އާތިޤާއަށް އެއީ ޝާރުދާކަން އެނގުމާއެކު މެހެމާންދާރީ އަދާކުރަން އަވަސްވެގަތެވެ.
“އަޅުގަނޑަށް ކިޔަނީ އާތިޤާ، އަރުފީއަށް ގޮވާލަންތަ” އާތިޤާގެ ހިތްހެޔޮކަން ފެނި ޝާރުދާ އައި ބޭނުން ހާމަކުރަން ފަސޭހަވިއެވެ.
“ނޫނޭ، އަރުފީނާ ބައްދަލުކުރާކަށްނޫން މިއައީ، ތީ އަރުފީނުގެ މަންމަ ދޯ”
“އަސްލުމަންމައެއްނޫން، އެކަމަކު އަޅުގަނޑު އަރުފީނު ބަލާ ބޮޑުކުރީ”
“އާތިޤާ އާއި ޙައިދަރުގެ ގާތުގައި ވަރަށް ބޮޑު ވާހަކައެއް ދައްކަން މިއައީ، އަސްލު އައީ ޙައިދަރުއަކީ އަރުފީނުގެ ބައްޕައަށް ވާތީ އޭނާއާ ވާހަކަދައްކަން، އެކަމަކު އާތިޤާއަކީ އަޅުގަނޑު ޤަބޫލުކުރާގޮތުގައި އަރުފީނުގެ މަންމަ، އެހެންވީމަ މިވާހަކަ އާތިޤާއާ ޚިއްޞާ ކުރުމަކީ އެންމެ ރަނގަޅުގޮތް… އާތިޤާ، އަޅުގަނޑު މިއައީ ވަރަށް އަގުބޮޑު އެއްޗެއް ބޭނުންވެގެން، އަޅުގަނޑަށް ދޭށޭ ބުނަންވެގެން…”
“ކޮންއެއްޗެއް، އަޅުގަނޑުމެންނަށް ދެވޭވަރު އެއްޗެއްވިއްޔާ ޝާރުދާއަށް ދޭނަން، ތީ ރުހައިލުގެ މަންމައެއްނު”
“ތިޔަހެން ބުނީމާ ސުވާލެއްކޮށްލާހިތްވޭ، އާތިޤާއަށް އެނގޭތަ ރުހައިލު އާއި އަރުފީނުގެ ދެމެދުގައި ގުޅުމެއް އޮންނަކަން”
“ޔަޤީންކޮށް ބުނާކަށް އަޅުގަނޑަކަށް ނުކެރޭނެ، އެކަމަކު ރުހައިލު އާއިއެކު އަރުފީނު ފެންނައިރު ހީވަނީ އެ ދެކުދިން ވަރަށް ގާތްހެން، ޝާރުދާ، އަރުފީނަކީ ވަރަށް އާދައިގެ އަންހެންކުއްޖެއް، އަޅުގަނޑުމެން މާލޭގައި މިހާރު ދިރިއުޅުނަސް އަޅުގަނޑުމެންނަކީ މާލޭ މީހުންނެއްނޫން…” އާތިޤާ ބުނަން އުޅެނީ ކޮންވާހަކައެއްކަން ޝާރުދާއަށް ވިސްނުނެވެ. އެހިނދު އޭނާގެ ގާތުގައި އިން އާތިޤާގެ އަތުގައި ދެއަތުން ހިފާލަމުން އާތިޤާ ދައްކަމުން ދިޔަ ވާހަކަ ހުއްޓުވިއެވެ.
“އަޅުގަނޑު މިއައީ އަރުފީނު ބޭނުންވެގެން… ރުހައިލަށްޓަކައި… އަޅުގަނޑަށް އަރުފީނުދީ… އަމިއްލަ ދަރިއެއްހެން ގެންގުޅޭނަން، ރުހައިލު އާއި އަރުފީނާ ދެކުދިން ތިބީ ގުޅެން ބޭނުންވެފައި، އެ ގުޅުމުގައި ކައިވެނީގެ ގޮށްޖަހާލަން އަޅުގަނޑު ބޭނުން، އެކަމުގެ އިޒުނަ ހޯދަން އަޅުގަނޑު މިއައީ…” އާތިޤާ އުފަލުން ގޮސް ޝާރުދާގެ ގައިގާ އޮޅުލައިނުގަތީ ކިރިޔާއެވެ. އެހެންނަމަވެސް ޙައިދަރުގެ ޚިޔާލަކަށް މަޑުކުރުމަށް އޭނާ ނިންމިއެވެ. އެހެންވެ ޙައިދަރު ގެއަށް އަންނަންދެން ޝާރުދާ މަޑުކުރުވިއެވެ.
ކެއުމަށް އިންސާފުކުރުމަށް ދިއުމުގެ ބަދަލުގައި ބޮޑުކޮޓަރީގެ ސޯފާތަކުގައި މަޝްވަރާ ކުރެވެމުންދިޔައީ އަރުފީނާއި ރުހައިލުގެ ގުޅުމާމެދުއެވެ. ޝާރުދާގެ އެދުމާ ޙައިދަރު ދެކޮޅު ހަދަން ބޭނުމެއްނުވިއެވެ. އެހެންނަމަވެސް އަރުފީނުގެ ޚިޔާލު ހޯދަން ޙައިދަރު ބޭނުންވިއެވެ. ހުރި ހަމައެކަނި ދަރިފުޅު ކައިވެންޏެއްގައި ބަނދެލަންވާނީ އެކަމާ އޭނާ ރުހޭނަމައެވެ. ޙައިދަރުގެ އެ ޚިޔާލާއެކު ޝާރުދާ ކަންބޮޑުވިއެވެ. މަލީކު ކަންތައް ކުރީ ކިތަންމެ ގޯސްކޮށް ނަމަވެސް އެ ވާހަކަ އަރުފީނުގެ ޢާއިލާގެ މީހުންނަށް އެނގެން ޝާރުދާ ބޭނުމެއްނޫނެވެ. އަދިވެސް އެއީ އޭނާގެ ލޯބިވާ ޒަމާންވީ ބައިވެރިޔާއެވެ. އިނދެގެން އުޅޭ ފިރިމީހާއެވެ. އޭނާގެ ހަގު ހިފަހެއްޓުމަކީ ޝާރުދާގެ ވާޖިބެކެވެ.
“އައްސަލާމް އަލައިކުމް” އެންމެ ސިއްސުވާލީ ބޮޑުކޮޓަރި ދޮރުމަތީން ސަލާމް ގޮވާލި އަޑެވެ.
“މަލީކު…” ދެ ލޯ ބޮޑުކޮށްލެވުމާއެކު ޝާރުދާއަށް ސޯފާއިން ތެދުވެވުނެވެ. މަލީކަށް އޭނާއިނީ އަރުފީނު މެންގޭގައިކަން އެނގުނީ ކިހިނެއްކަމެއް ޝާރުދާއަށް ވިސްނާލެވުނެވެ. އެހެންނަމަވެސް ކަމަކަށް ފިކުރު ހިންގާނެހާ ވަގުތެއް ނުލިބުނެވެ. މަލީކު އިސްވެ ވާހަކަދައްކަން ފެށިއެވެ. ރުހައިލުގެ ބައްޕަ ކަމާއި އެ ދަރިފުޅުގެ އުފަލަށްޓަކައި އަރުފީނު ބަލާ އައީކަމުގައި ބުންޏެވެ. އަދި އަރުފީނަށް ގޮވާލުމަށް އެދުނެވެ.
“އަރުފީނު… އާދެބަލަ މިކޮޅަށް” ސިޑިން ފައިބައިގެން އައިސް ތިރީ ހަރުފަތުގައި ގަނޑުފައި ހުރި އަރުފީނަށް މަލީކު ގޮވާލިއެވެ. ޖެހިލުންވެފައި ހުރެ އަރުފީނު އައެވެ. އެންމެންގެ މޫނުތަކަށް ބަލަމުންނެވެ. ވެގެން އުޅޭގޮތެއް ނޭނގޭތީއެވެ.
“ރުހައިލުގެ އަނތްބަކަށް އެންމެ އެކަށޭނެ ކުއްޖަކީތީ، ބޭބެއަށް މާފުކޮށްދީ… ސަމްޓައިމްސް ޕީޕަލް ކެންބީ އެރޮގެންޓް… އޯލްޑް ޕީޕަލް ލައިކް މީ… ސޯ… ކަމް ހޯމް މައި ޑިއަރ… ރުހައިލު ހުރީ އަރުފީނުގެ އިންތިޒާރުގައި، ވަރަށް ދުވަހު ދުރުގައި ހުރެފީމު، މިއަދު މިއައީ އެއްކޮށްބަލާ… އައި އެކްސެޕްޓް ޔޫ އޭސް އަ ޑޯޓަރ އިން ލޯ…” ރޮއެރޮއެ ރަތްވެފައި ހުރި އަރުފީނުގެ ދެލޮލަށް ބަލަން ހުރެ މަލީކު ހިނިތުންވެލަމުން އަރުފީނުގެ ބޮލުގައި ފިރުމާލިއެވެ. އިސްޖަހާލުމާއެކު އަރުފީނަށް މޫނުގައި އަތްއަޅާލެވުނެވެ. އެއާއެކު މަލީކު އަރުފީނު ގެނެސް ގައިގާ ޖައްސާލުމާއެކު ކުޑަކުއްޖަކު މަސަލަސްކުރާހެން އަރުފީނުގެ ބޮލުގައި ފިރުމަމުން ވާހަކަދެއްކިއެވެ. އޯގާތެރިކަމާއެކު ދެ ކޯތާފަތް ފުހެލަދެމުން ނުރޯން އެދުނެވެ. ރޮމުން ރޮމުން ރުހައިލުގެ ގާތަށް ދިއުމުން އެ ބައްޕައަށް މާފުނުކުރާނޭ މަލީކު ބުނެލިއެވެ. އެއާއެކު ޝާރުދާ އައިސް އަރުފީނުގެ ގައިގާ ބައްދާލިއެވެ. އެ މަންޒަރު ބަލަން ހުރި ޙައިދަރާއި އާތިޤާގެ ލޮލުން ކަރުނަ ނިރާލިއެވެ. ކުރިމަތިންފެންނަންތިބީ އަރުފީނުދެކެ އެމީހުން ފަދައިން ލޯބިވާނޭ މަންމަ އަކާއި ބައްޕައެއްކަން ޔަޤީންވިއެވެ.
“އަރުފީނު…. ދެން ނުބުނައްޗޭ ދުވަހަކު ވެސް ނާންނާނަމޭ، ތި ދެކުދިން ވަރަށް ގިނަ ދުވަހު ދުރުގައި އުޅެފި، އެކަމަކު ދެން ހެޔޮ، ވީ އެންމެ އަވަހަށް ބޭނުންވަނީ ތި ދެކުދިންގެ ކައިވެނި ކުރެވެން” ޝާރުދާގެ ބަސްތަކާއެކު އަރުފީނު ބަލާލީ ޙައިދަރަށެވެ. އިތުރު ވާހަކައެއް ޙައިދަރު ގާތު އަރުފީނު ބުނާކަށް ނުޖެހުނެވެ. ދަރިފުޅުގެ ދެ ލޮލުންނާއި ތުންފަތުގައިވި ލުއި ހިނިތުންވުމުން ރުހުން ލިބިއްޖެއެވެ.
މަލީކު އާއި ޝާރުދާގެ އެދުމުގެ މަތީން ޙައިދަރު އެމީހުންނާއެކު އަރުފީނު ގެންދިއުމުގެ ހުއްދަދިނެވެ. ރުހައިލަށް އެއްވެސް ކަމެއް ނޭނގޭނެތީ އޭނާއަށް އެ އުފާވެރި ޚަބަރު ދިނުމަށްޓަކައެވެ. ގެއަށް އައީ މަލީކުގެ ކާރުގައެވެ. އޭނާ ހިމޭންވެފައި އިނީ ޝާރުދާގެ ރުހުން ނުލިބިދާނޭތީއެވެ. އެހެންނަމަވެސް އޭނާއަށް ޝާރުދާ ބުނިހެން އަރުފީނުގެ އުނިސިފައެއް ކިޔައެއް ނުދެވުނެވެ. ފާހަގަނުވިކަމެއް ކިޔައިދޭނީ ކިހިނެއްހެއްޔެވެ. ރަނގަޅު އަޙުލާގެއް ލިބިފައި ހުރި މޮޅަށް ކިޔަވައިގެން ހުރި ޒިންމާދާރު އަބުރުވެރި އަންހެންކުއްޖެކެވެ. އޭނާ ލޯބި ދަސްކުރީ ރުހައިލާއެކުއެވެ. އަދިވެސް ހުރީ އެ ލޯއްބަށްޓަކައެވެ.
ޝާރުދާގެ ފޯނުކޯލާއެކު ހާސްވެފައި ހުރެ ގެއަށް އައިގޮތަށް ރުހައިލު ހުރީ ބޮޑުކޮޓަރީގައެވެ. ދެކޮޅަށް ހިނގާލަ ހިނގާލާ ހުރެފައި ޕޯޓިކޯއަށް ނިކުން ވަގުތު އޭނާގެ ނޭވާ ވެސް ހުއްޓުނު ކަހަލައެވެ. ގޭޓުން ވަދެގެން ޝާރުދާ އާއި މަލީކު އައިއިރު އެމީހުންގެ މެދުގައި ހުރީ އަރުފީނެވެ. ޝާރުދާ ހުރީ ގާތްގޮތަކަށް އަރުފީނުގެ އަތުގައި ހިފާ ކައިރިކޮށްލައިގެންނެވެ. ރުހައިލު ފެނުމާއެކު މަލީކު ހިނިތުންވެލަމުން އަރުފީނުގެ ކޮނޑުގައި އަތްޖައްސާލިއެވެ. އެހިނދު ދުވެފައި ކަހަލަ ގޮތަކަށް ރުހައިލު ވަނީ ބޮޑުކޮޓަރިއަށެވެ. ހީވީ ހޭލާ ހުއްޓާ ހުވަފެން ފެންނަން ފެށީހެންނެވެ. އެހެންވެއްޖެނަމަ އޭނާގެ ސިކުނޑީގައި މައްސަލައެއް އުޅެނީއެވެ. އަނެއްކާ އަރުފީނުދެކެ ލޯބިން ގޮސް އޭނާ މޮޔަވީ ބާއެވެ.
“ރުހައިލު… ދަރިފުޅު ބުނީމެއްނު މަންމަމެނަށް ކަމުދާ ކުއްޖަކާ ކައިވެނިކުރާނަމޭ، މީ އެކުއްޖަކީ…” ޝާރުދާގެ އަޑުއިވުމާއެކު ރުހައިލު ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
“ދަރިފުޅާ، ބައްޕައަށް މާފުކިރޭ… ބައްޕައަށް ވިސްނުނުގޮތް ރަނގަޅެއްނޫން، އެތަށްކަމެއް ގޯހުންގޯހަށް ހިނގައްޖެ، ނައިރާ ދުނިޔޭގައި ނެއްނަމަވެސް އެކުއްޖާއަށް އޮޅުވާލެވުނީ ބައްޕައަށް، ހަމައެގޮތަށް ކައިވެންޏަކަށް ދަރިފުޅަށް މަޖުބޫރުކުރެވުނީތީ ބައްޕަ ހަޤީޤަތުގައި ވެސް ވަރަށް ދެރަވެއްޖެ…”
“ވަޓް…”
“ރުހައިލު…” ރުހައިލުގެ މޫނުމަތިން ފެނިގެން ދިޔަ ރުޅިވެރިކަން އަރުފީނުގެ ގޮވާލުމާއެކު ހިނދިގެން ދިޔައީ ކޮންތާކަށްކަމެއް ވެސް ނޭނގެއެވެ. އޭނާ އަރުފީނަށް ބަލަން ހުރީއެވެ.
“ވީ އެންމެ އަވަހަށް ދަރިފުޅާއި އަރުފީނުގެ ކައިވެނި ކުރެވޭނެ، މިއައީ އަރުފީނުގެ ބައްޕައަށް ވަޢުދުވެފައި… ދަރިފުޅަށް ވެސް އެންމެފަހުން ކުއްޖަކުދެކެ ލޯބިވެވިއްޖެ ދޯ” ޝާރުދާ އައިސް ރުހައިލުގެ ކޮނޑުގައި ފިރުމާލަމުން ބުނެލިއެވެ.
“އެއީ ކޮންމެ ކުއްޖެއްނޫން މަންމާ، އެއީ… އެއީ މަގޭ ސަފަރު… އެއީ މަގޭ ސަންތި… ހަމައެކަނި މަގޭ….” ފުންނޭވާއެއް ބޭރުކޮށްލުމާއެކު ރުހައިލަށް ހިނިތުންވެލެވުނެވެ. އަދި ހަލުވިކޮށް އެއައިގޮތަށް އައިސް އަރުފީނު އުރާލައިފިއެވެ. އެއާއެކު އަރުފީނު ތެޅިފޮޅިގަނެފައި ރުހައިލުގެ ގައިގާ ތަޅައިގަތެވެ. ލަދުންގޮސް އޭނާ މަރުވާވަރުވެއްޖެއެވެ. އެހިނދު ވަށައިގެން އެނބުރިލި ރުހައިލު ހޭންފެށިއެވެ. އޭނާގެ އަޑާއިއެކުވެގެން ޝާރުދާ އާއި މަލީކުގެ ހުނުމުގެ އަޑު އިވުނެވެ. އެވަގުތު ފުންމަމުން ބަދިގެ ފަރާތުން އައި ޔަލާ އަތުގައި އޮތް އައިސްކޯނާއެކު ރުހައިލާއި އަރުފީނުގެ ގައިގާ ބައްދާލިއެވެ.
“މިހާރު ފުރިހަމަ ވެއްޖެ… ޝުކުރިއްޔާ….” ޝާރުދާ އައިސް މަލީކުގެ އަތުގައި ހިފާލަމުން އޭނާގެ މޭގައި ފިރުމާލިއެވެ.
“އަހަންނަކީ ކުށްވެރިއެއް… އެކަމަކު އެކުށުގެ މަތީން ހަނދާންނެތޭނޭ ވަރަށް އެ ދެކުދިންނަށް އެއްބާރުލުން ދޭނަން” ޝާރުދާގެ އަތްތިލައަށް ފިތާލަމުން މަލީކު ޔަޤީންކަން ދިނެވެ.
“ދަރިންގެ އުފާވެރިކަން އެންމެ މުހިންމުކަމަކީ” ހިނިތުވެލި ޝާރުދާ ބުނެލިއެވެ.
* * * *
މަލީކު ހަފްތާއެއްގެ ތެރޭ އެގޮތް މިގޮތުން އަރުފީނާއި ރުހައިލުގެ ކައިވެނި ކުރުމުގެ ކަންތައް އިންތިޒާމުކުރިއެވެ. ވީ އެންމެ ފުރިހަމައަކަށެވެ. މާފުނުކުރަން ހުއްޓެއްކަމަކު ރުހައިލަށް ނުހުރެވުނެވެ. އަރުފީނުގެ އާދޭހާއި ބައްޕަ އެއްބާރުލުންދޭން މަސައްކަތްކުރާ ވަރު ފެނުމުންނެވެ. ހޯމަވިލޭރެއްގައި ރުހައިލު އާއި އަރުފީނުގެ ކައިވެނި ކުރެވުނެވެ. ހެޔޮ އެދޭ ހުރިހާ އެންމެންގެ ހާޒިރުގައެވެ. ޚާއްޞަކޮށް އުނައިސް އާއި ފަރުހާނުގެ މޫނުމަތިން ފެންނަ ހިނިތުންވުން ބޮޑެވެ. ހަމައެގޮތަށް ފަޒަލް ވެސް ހުރީ އުފާވެފައެވެ. ރުހައިލަށް މަރުޚަބާ ކިޔުމާއެކު އޭނާ އުފަލުން ބަލައިގަތެވެ. ކައިވެންޏަށްފަހު އެރޭގެ ދަންވަރުގެ ފްލައިޓުން ރުހައިލު އާއި އަރުފީނު ފުރައިގެން ދިޔައީ ރާއްޖޭން ބޭރަށެވެ. ކައިވެނީގެ އުފާވެރި ދުވަސްތައް އެކުގައި ހޭދަކޮށްލުމަށެވެ. އެމީހުންނާއެކު ޔަލާ ވެސް ދިޔައެވެ. ވަގުތީ ގޮތުން އަލަތު ދެމަފިރިންނަށް ހުންނާނޭ ގެއެއް ހަމަޖައްސާދިނީ ވެސް މަލީކެވެ.
ޔަލާގެ އަތުގައި ހިފާލައިގެން ގޭގެ މައިދޮރުން ވަންނަންދިޔަ އަރުފީނުގެ ފަހަތުން އައި ރުހައިލު އޭނާގެ ގައިގާ ބައްދާލިއެވެ. އެއާއެކު ޔަލާ މަޖާވެފައި އަތްތިލަބަޑި ޖަހަމުން ހޭންފެށިއެވެ. އެހިނދު އަރުފީނު ބައްދައިގަތީ ޔަލާގެ ގައިގައެވެ. ރުހައިލު ބަލަން ނުހުރެ އޭނާގެ ބާރުގަދަ އަތުގެތެރެއަށް އަރުފީނާއި ޔަލާ އުފުލާލިއެވެ. އަދި ވަންނަން ހުޅުވާފައި ހުރި ދޮރުން ވަދެގެން ދިޔައެވެ.
ފްލައިޓްގައި ވެސް ނުނިދާ ހުރުމުގެ ސަބަބުން ޔަލާއަށް ކާންދިނުމާއެކު ވަރަށް އަވަހަށް ނިދައިފިއެވެ. އެހެންވެ އޭނާއަށް ޚާއްޞަކުރެވިފައި ހުރި ކޮޓަރީގައި ބޭއްވުމާއެކު ކުޑަކޮށް ދޮރުހުޅުވާލާފައި އަރުފީނު އައިސް އޭނާގެ ކޮޓަރިއަށް ވަނެވެ. ފެންވަރައިގެން ނިކުމެ ޔަލާގެ ގައި ދޮއްވާލަން ބޮލުގައި ހުޅި ޖަހާލި ގޮތަށް އިސްތަށިގަނޑު ހުރީތީ އަވަހަށް ނިއުޅާލާފައި އިސްތަށިގަނޑު ހާވާލިއެވެ. އަދި ބޯ އަރިކޮށްލަމުން އެއްފަރާތަށް ގުދުވެލައިގެން އޮވެ އިސްތަށިގަނޑުގައި އަތްފުނާ އަޅަމުން އިސްތަށިތައް ވަކިވަކިކުރަމުން ދަނިކޮށް އެނދުމަތިން ހިލަމެއްވެލިއެވެ. ރަޖާ އެއްކޮށް އަޅައިގެން އޮތުމުން އެނދުގައި ރުހައިލު އޮތްކަން އަރުފީނަށް ފާހަގަނުވީއެވެ. އެނބުރި ބަލާލަންވާއިރަށް ރުހައިލު އައިސް އަރުފީނުގެ ފުރަގަހުން ލައްވެލިއެވެ.
“އެރޭ ވާރޭގައި އަހަރެންގެ އަތުގެތެރޭގައި އަރުފީ ވީގޮތް ހަނދާނެއްނުނެތޭނެ، އެކަމަކު އެރެއަށްވުރެ މިރޭ އަހަރެން މާ އުފާވާނެ، މިރޭ ނޫނެކޭ ނުބުނާތި… މިރޭ ހުއްޓާލާނީ އަހަރެން ހިތްފުރޭވަރުވީމާ… ކިތައް އަހަރުގެ އިންތިޒާރެއްމީ… ތިހިތުން ޖާގައެއް ދޭތޯ އަހަރެން ހުރީ… މިރޭ އަހަރެން ހިފަހައްޓަން ނޫޅޭތި…”
“މިހިތުގައި އަބަދުވެސް ވީ ރުހައިލު…”
ދެ ހިތުގެ ޒަހަމްތައް ފަސޭހަކޮށްދިނީ އެ ދެމެދުގައި އޮތް ބަދަލުނުވި ލޯއްބެވެ. ދުނިޔޭގެ ހުރިހާ އުފަލެއް މިއަދު ރުހައިލަށް ލިބިއްޖެއެވެ. އަރުފީނުގެ ހިތުން ޖާގައެއް ލިބޭތޯ އޭނާ ކުރި ދިގު އިންތިޒާރު ނިމުނީއެވެ. އަރުފީނުގެ ހިތުގައި އަބަދުވެސް ވަނީ ރުހައިލުކަން އޭނާއަށް ޔަޤީންވީމައެވެ. އަދި މިއަދު އޭނާގެ ކުރިމަތީގައި އޭނާގެ އަނތްބެއްގެ ގޮތުގައި އަރުފީނު އިނުމުންނެވެ. އެއީ ރުހައިލަށް ލިބޭނޭ އެންމެ ބޮޑު ނަސީބެވެ.
~ ނިމުނީ ~