HUREEME THIHITHUN JAAGA DHEYTHO [Part – 09]

“ޝާރުދާ ވަރަށް ބޮޑަށް އެދޭ ކޮއްކޮގެ އެހީތެރިކަމަށް، އޭނާގެ މާމަދަރިއަކަށް ކޮއްކޮގެ އެހީ ބޭނުންވެގެން… އަރުފީނު، އެބަހުރިންތަ؟ ދައްތަގެ އަޑު ތިކޮޅަށް އިވޭތަ؟” އަރުފީނު އަނގައިން ނުބުނެ ހުންނާތީ އާސިޔާ އަހާލިއެވެ.

“ލައްބަ، އަޑުއިވޭ…”

“އެހެންވީރު މާދަމާގެ ވަގުތަކުން އެގެއަށް އަންނަންވީނު”

“އާސިއްޔައްތާ، އަޅުގަނޑު ކުއްޖަކު ފޮނުވަންތަ ތިކަމަށް، އެވެސް ވަރަށް ރަނގަޅުކުއްޖެއް”

“އޭރުން ކަމަކު ނުދާނެއެއްނު، ޝާރުދާ އެދެނީ ކޮއްކޮ އައިސް ދިނުމަށް، އޭނާ ހުރީ ކޮއްކޮއާ ބައްދަލުކޮށްލާ ހިތުން، ނޫނީ ބުނަންވީތަ ކޮއްކޮއަށް ވަގުތެއްނުވާނެއޭ”

އާސިޔާ ބުނި އެއްޗަކާ މެދު އަރުފީނަށް ވިސްނާލަން ޖެހުނެވެ. ޝާރުދާއަކީ ހެޔޮ މީހެއްކަން އަރުފީނަށް ނޭނގެނީއެއް ނޫނެވެ. އޭނާ އަރުފީނަށްޓަކައި ކޮށްދިން ކަންކަން ހަނދާންނެތުނީއެއް ވެސް ނޫނެވެ. އެނބުރި އެގެއަށް ނުވަންނަން އޭނާ ހުރީ އަޒުމް ކަނޑައަޅައިގެންނެވެ. ހަމަ އެންމެ ސަބަބަކާ ހެދިއެވެ. އެއީ ރުހައިލެވެ. އޭނާ ފެނުމުން ރުހައިލުގެ ހަމަޖެހޭ ދިރިއުޅުން ގެއްލިދާނޭތީ އޭނާ ބިރުގަނެވެ. ހަމައެއާއެކު ރުހައިލު ފެންނަ ހިސާބުގައި އުޅުމަކުން އޭނާއަށް ވެސް ހަމަޖެހުމެއް ނުލިބޭނެއެވެ. ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި ހުއްޓާ އަރުފީނަށް ވާހަކަދައްކަން ޖެހުނީ އާސިޔާ ވާހަކަދައްކަން ފެށީމައެވެ. ޝާރުދާ އެހީއަކަށް އެދުމަކީ އަރުފީނު އުފަލުން އެކަމެއްކޮށްދޭން ތައްޔާރަށް ހުންނާނެ ކަމެކެވެ. އެކަމަކު އޭނާ އެގެއަށް ދިއުމުން ނިކުންނާނެ ނަތީޖާއަކީ އެންމެ އެދެވޭ ނަތީޖާއަށް ނުވެދާނޭކަން ޝާރުދާއަށް ވިސްނައިދޭނޭ ގޮތެއް ވެސް އަރުފީނަކަށް ނޭނގެއެވެ. އެހެންވެ އެންމެފަހުން ޝާރުދާއާ ބައްދަލުކުރަން ދިއުމަށް އަރުފީނު އާސިޔާގެ ގާތުގައި އެއްބަސްވިއެވެ.

އާސިޔާގެ ފޯނުކޯލު އަރުފީނުގެ މުޅި ރޭގެ ނިދި ނަގާލިއެވެ. އެނދުގައި އެތައް އިރަކު އޮތުމަށްފަހު ތެދުވެގެން އައިސް އަލަމާރި ހުޅުވާލިއެވެ. އަދި މަތީ ބަޔަކު ބަހައްޓާފައި ހުރި ފޮށްޓެއް ނަގައިގެން އައިސް އެނދުގައި އިށީނެވެ. އޭގެ ތެރެއިން އަރުފީނު ނެގީ އޭނާގެ ކުރީގެ ފޯނެވެ. ޗާޖަށް ފޯނު ޖަހާލުމާއެކު އޭތި ހުޅުވާލިއެވެ. މަޑު މިއުޒަކަކާއެކު ފޯނުގެ އިސްކުރީނު ދިއްލުނެވެ. އިރުކޮޅަކު އެ ފޯނަށް ބަލަން އިނުމަށްފަހު އަހަރުތަކެއް ކުރީގެ ހަނދާންތަކެއް އަރުފީނު އާކުރުމަށް އުޅުނެވެ. ފޯނުގެ އިސްކުރީނުން ރުހައިލުގެ ފޮޓޮއަށް އެތައް އިރަކު އޭނާ ބަލަހައްޓައިގެން އިނެވެ. މާނަފުން ހިނިތުންވުމެއް އަރުފީނުގެ ތުންފަތަށް ވެރިވެފައި ވިއެވެ. އޭނާގެ ހިތުގައިވަނީ ކީކޭކަމެއް ނޭނގެއެވެ. އެހެންނަމަވެސް އެ ދެ ލޮލުގައި ބޭގަރާރުކަމެއް އެކުލެވިފައިވެއެވެ. ކަންބޮޑުވަނީ ކޮންކަމަކާކަމެއް ނޭނގެއެވެ. ދޭތެރެ ދޭތެރެއިން ތުންފަތުގައިވާ ހިނިތުންވުން ފިލާ ތުންފިއްތާލަން ފެށީ އަރުފީނާއި ރުހައިލާ ދެމެދު ބަދަލު ކުރެވިފައި ހުރި މެސެޖުތައް ކިޔަން ފެށުމުންނެވެ.

“މިހާރު އޭގެ ފަހުން އެތައް އަހަރެއްވެއްޖެ، ރުހައިލު އަހަރެންގެ މަތީން ހަނދާނެއް ނުހުންނާނެ، އޭނާ ނައިރާއާއެކު އުޅޭނީ ވަރަށް އުފަލުން…. އާސިއްޔަތަ އެބުނީ ރުހައިލުގެ ދަރިފުޅުގެ ވާހަކަކަމަށް ވެސް ވެދާނެ، އެހެންވެއްޖެއްޔާ އެ ދެމީހުން އުޅޭނީ ވަރަށް އުފަލުން…. އެކަމަކު… އަހަރެން ދެރަވޭ…. މިހިތަށް ތަދުވޭ… މީ އަހަރެން ބޭނުންވިގޮތް، ދެން ކީއްވެ މިހިތަށް ތަދުވާންވީ، ދެން ކީއްވެ އަހަންނަށް ރުހައިލުގެ މަތީން ހަނދާންނައްތާ ނުލެވިގެން މިއުޅެނީ…” ފޯނުން ފެންނަމުން ދިޔަ ރުހައިލުގެ ފޮޓޮއަށް ބަލަން އިނދެ އަރުފީނު ވާހަކަދެއްކިއެވެ. އިސާހިތަކު އޭނާގެ ދެ ލޯ ކަރުނުން ފުރިއްޖެއެވެ.

“އެދުވަސް އެނބުރި އަންނާކަށް ބޭނުމެއްނޫން، އިތުރަށް ރުހައިލުއާ ދެކޮޅު ހަދާނެ ހިތްވަރެއް އަހަރެންގެ ނެތް… މިހާރު މިހުރި ހިސާބަށް މިއާދެވުނީ އެހާވަރުން، އަލުން ހިތަށް ލިބިފައިވާ ޒަހަމްތައް އާވެގެންދާކަށް ބޭނުމެއްނޫން…” ބާލީހުގައި އަރުފީނު މޫނު ފޮރުވާލިއެވެ. އަހަރުތަކެއްފަހުން އޭނާ ދޫކޮށްފައި އައި ހަނދާންތަކާ ކުރިމަތިލާން ޖެހޭތީ އިންތިހާއަށް އަރުފީނު ވަނީ ފިކުރުބޮޑުވެފައެވެ. ހުރިހާ ކަމަކަށްވުރެ ބޮޑަށް އޭނާގެ ހިތަށް ތަދުވަނީ ރުހައިލުއާ ކުރިމަތިލާން ޖެހިދާނެތީއެވެ.

އެތައް އިރަކު ފިކުރުކުރުމުގައި އޮތުމަށްފަހު އަރުފީނަށް ނިދުނެވެ. އޭނާއަށް ހޭލެވުނީ އާތިޤާ އައިސް ދޮރުގައި ޓަކިދެމުން އަރުފީނުގެ ނަމުން ގޮވަން ފެށުމުންނެވެ.

“ދަރިފުޅު ފަތިސް ނަމާދުކޮށްފިންތަ؟ މިހާރު ހައެއް ޖަހަން އުޅެނީ….” ބަދިގެއަށް ވަން އާތިޤާއަށް އަރުފީނު ނުފެނުމުން އޭނާ ނުތެދުވަނީއޭ ހިތާ އައިސް ކޮޓަރީގައި ޓަކިދިނީއެވެ. އަރުފީނު އައިސް ދޮރުހުޅުވާލި އިރު އޭނާ ހުރީ ނިދާ ހެދުމުގެ ބަދަލުގައި ރޭގައި ލައިގެން އުޅުނު ހެދުމުގައެވެ.

“މާ ލަހުން ނިދުނީމަ ނުހޭލެވުނީ، މި ދަނީ ނަމާދުކޮށްލައިގެން” ދޮރުމަތީ ހުރި އާތިޤާއަށް ނިދިބަރުކަމާއެކު އަރުފީނު ބުނެލިއެވެ. އެއާއެކު ބޯޖަހާލި އާތިޤާ އެނބުރި ހިނގައްޖެއެވެ. އަރުފީނު ވެސް އަވަސްވެގަތީ ނަމާދަށް އެރުމަށެވެ.

ސައިބޯން އިށީނުމާއެކު އާތިޤާ ސުވާލުކުރީ އާސިޔާއާ ބެހޭގޮތުންނެވެ. ކަންބޮޑުވެފައި އިނެއްކަމަކު އަރުފީނު އެކަން ނުދައްކާ އާސިޔާ އެދުނު ކަންތައް ހާމަކުރިއެވެ. އެވަގުތު ސައިމޭޒު ދޮށުގައި ޙައިދަރު އިނދެފައި ޝާރުދާ އެދެފި ކަމެއްވިއްޔާ ކޮށްދޭންވާނެއޭ ބުނެލިއެވެ. އަރުފީނު އޭނާގެ ބައްޕައަށް ބަލާލާފައި ބޯޖަހާލިއެވެ. އެންމެންގެ ނަޒަރުތަކާ ޚިލާފަށް އުނައިސް އިނީ ބަސްމަދުވެފައި ސުވާލުގެ ނަޒަރަކުން އަރުފީނަށް ބަލާށެވެ. އެހެން ދުވަސްދުވަހާ ޚިލާފަށް އަރުފީނު އަވަސްކޮށްލައިގެން ސައިމޭޒު ދޮށުން ހިނގައްޖެއެވެ. އުނައިސް ގާތު އޭނާ ގެންގޮސް ދިނުމަށް ވެސް ނުބުނެއެވެ. އެހެންނަމަވެސް އުނައިސް އެންމެން ގާތު ދަނީއޭ ބުނެ އެތަނުން ނިކުމެގެން އައެވެ.

“އެގެއަށް ދަނީތަ؟ އޭރުން ވާނެގޮތް އެނގޭތަ؟” ދަބަހާއި އަރުފީނު ގެންގުޅޭ އެހެން އެއްޗެހިތައް ހިފައިގެން ކޮޓަރިން ނިކުތުމާއެކު ކޮޓަރި ކައިރީ މަޑުކޮށްލައިގެން ހުރި އުނައިސް ވާހަކަދައްކަން ފެށިއެވެ.

“އެނގޭ…” އަރުފީނު ހުއްޓުމެއްނެތި ކުރިއަށް ދަމުން ބުނެލިއެވެ.

“ދެން ކީއްވެ ދާން ތިއުޅެނީ”

“ނޭނގެ…”

“އުހުނ! އަރުފީނަށް އެނގޭނެ…”

“ޕްލީޒް އުނައިސް، އެކަމާ އިތުރަށް އަހަރެން ވާހަކަދައްކާކަށް ބޭނުމެއްނޫން… ޕްލީޒް…”

“ހިނގާ… އެހެންޏާ ވެސް އަހަންނެއްނު އަރުފީ އޮފީހަށް ގެންގޮސްދެނީ” ކުޑަކޮށް ހިތްހަމަނުޖެހިފައި ހުރެ އުނައިސް ބުނެލިއެވެ. ހީވަނީ އޭނާ އެއްގޮތަކަށް ވެސް އަރުފީނު ޝާރުދާމެން ގެއަށް ދިއުމަށް ބޭނުމެއްނުވާހެންނެވެ.

އެހެން ދުވަސް ދުވަހަށްވުރެ މަސައްކަތަށް އަރުފީނަށް ދެވުނު ސަމާލުކަން ކުޑަވިއެވެ. އެއްއަތުގައި ދަތްދޮޅި އަޅުވާލައިގެން މޭޒުމަތީ އޮތް ގަލަމާ އިނގިލިން ކުޅެލަކުޅެލާ އަރުފީނު އިންދާ އޭނާގެ ފޯނު ރިންގުވާންފެށިއެވެ. ބަލާލިއިރު ގުޅަނީ އާސިޔާކަން އެނގުމުން ފުރަތަމަ ވެސް ބަލާލެވުނީ އަތުކުރީ އޮތް ގަޑިއަށެވެ. އޭރު ހަވީރު ހަތަރެއް ޖަހައިފިއެވެ. އާސިޔާ އެ ގުޅީ އޭނާ ބުނި ގަޑިއަށެވެ. ހިތާ ސިކުނޑީގައިވަނީ ކޮންމެ ކަހަލަ ޚިޔާލުތަކަކަށް ވިޔަސް އަރުފީނު އޮފީހުން ނިކުންނަން ތައްޔާރުވެލިއެވެ.

ގޭގެ ދޮރުމަތީ މަޑުކޮށްލައިގެން ހުރި އާސިޔާއަށް އަރުފީނު އަންނަތަން ފެނުމުން ހިނިތުންވެލެވުނެވެ. އަދި ގޭގެ ދޮރޯށި ލައްޕާލާފައި އަރުފީނު އައިސް ހަމަކުރަންދެން އާސިޔާ ހުއްޓެވެ.

“ހިނގާ ދަމާ، މިހާރު ޝާރުދާ ހުންނާނެ އަހަރުމެން ނައިސްގެން” އާސިޔާ މިހެންބުނެ ހިނގައިގަތީ ޝާރުދާމެންގެއަށް ގޮސް ވަނުމަށެވެ.

ބަހެއް ނުބުނެ ހާސްވެފައި އަރުފީނު ހުރެގެން އާސިޔާއާއެކު އައިސް ޝާރުދާ މެންގޭ ގޭޓުން ވަންނަން އުޅުނެވެ. ކުޑަކޮށް ހުޅުވާފައި ހުރި އެ ގޭޓަށް ބަލަހައްޓައިގެން އިރުކޮޅަކު އަރުފީނަށް ހުރެވުނެވެ. އެހެންހުއްޓާ އާސިޔާ އޭނާގެ އަތުގައި ހިފާ ދަމާލަމުން އަވަހަށް އެތެރެއަށް ވަނުމަށް ބުނެލިއެވެ. އޭނާ އެކިއެކި ވާހަކަދެއްކި ނަމަވެސް އެއަޑު އަރުފީނުގެ ކަންފަތަށް ފަނޑުވެފައި ވާ ކަހަލައެވެ. އޭނާގެ ހިތް ނޭނގޭ ބާރު މިނެއްގައި ތެޅޭއަޑު ފިޔަވައި އިތުރުއަޑެއް ނީވެއެވެ.

ބޮޑުކޮޓަރީގައި އިން ޝާރުދާއަށް އާސިޔާގެ އަޑު އިވުމާއެކު ތެދުވީ ކެތްތެރިކަން ކުޑަކަމާއެކުއެވެ. ހަމަ އެވަގުތު އޭނާއަށް އިތުރު ހައިރާންކަމެއް ލިބިގެންދިޔައީ އާސިޔާއާ އެކު ހުރި އަރުފީނު ފެނިފައެވެ. ދިގު އިސްކޮޅާއި ހިމަތޮޅި ހަށިގަނޑަށް ބަދަލެއް ނާދެއެވެ. އެހެންނަމަވެސް އެއްފަރާތަށް ވާގޮތަށް އައްސާލާފައި ވަކިހިސާބަކުން ގަތާލާފައި އޮތް ދިގު އިސްތަށިގަނޑު ޝާރުދާގެ ލޮލުގައި އަޅައިގަތެވެ. އަންހެންވަންތަކަން އަރުފީނުގެ ފަރާތުން ޝާރުދާއަށް ފެންނަމުން ދިޔައެވެ. ބޭއިޚްތިޔާރުގައި ކަހަލަ ގޮތަކަށް އޭނާއަށް ހިނިތުންވެލެވުމާއެކު އަވަސް އަވަހަށް އައިސް އަރުފީނުގެ ދެއަތުގައި ހިފާލިއެވެ.

އަރުފީނަށް އައިސްފައި ހުރި ބަދަލާއެކު އެއީ ކުރީގެ އަރުފީނޭ ވެސް ބުނާވަރެއް ނުވެއެވެ. ޝާރުދާ ހައިރާންވެ އަންތަރީސްވީ އެހެންވެއެވެ. އަންހެންކުއްޖެއްގެ ހުންނަންވާ އެއްވެސް ގޮތެއް އަރުފީނުގެ ކިބައިން މީގެ ކުރިން ޝާރުދާއަކަށް ނުފެނެއެވެ. އެހެންނަމަވެސް މިހާރު އަރުފީނު ލައިގެން ހުރި ހެދުމަށް ބަލާލި ނަމަވެސް ހެދުން އެޅުމުގައި ޒަމާނީ ގޮތް ފެންނަން ހުއްޓެވެ. އަތުން އެއްދަބަހުގައި ހިފާލައިގެން ހުރިއިރު މުލަށްދަނޑީގައި އަރުފީނުގެ ސާމާނު އަޅަންގެންގުޅޭ އިތުރު ދަބަހެއް އަޅުވާލާފައި އޮތެވެ. ކޮށްފައި ހުރި އާދައިގެ މޭކަޕްގެ ސަބަބުން މޫނުމަތިން ތާޒާކަން ފާޅުވެއެވެ. އަނދުންކުލައިން ވަފާލާފައި ހުރި އެ ބޮޑު ދެލޮލުގެ ވިދުން ގަދަހެން ހީވެއެވެ. ހަމުގެ ކުލަ އަލި ނޫންކަމުގައި ވިޔަސް އަރުފީނަކީ ރީތި ސިފަތަކެއް ލިބިފައިވާ އަންހެންކުއްޖެއްކަން ހާމަވެއެވެ.

“މީ ހަމަ އަރުފީނުތަ؟ ދައްތައަށް ޤަބޫލުކުރަން ދަތިވެފައި މިހުންނަނީ….” ޝާރުދާ އަރުފީނުގެ އަތުގައި ހިފަހައްޓާލައިގެން ހުރެ އަހާލިއެވެ. އެހިނދު ލަދުވެތި ހިނިތުންވުމެއް އަރުފީނު ބަދަލުކޮށްލިއެވެ.

“ޝާރުދާގެ އެދުމަށް މިހިރީ އަރުފީނު ގެނެސްދީފައި، ދެން ތިދައްކަން ބޭނުންވާ ވާހަކަ އެކުއްޖާގެ ގާތުގައި ދައްކަބަލަ” ހިނިއައިސްފައި ހުރެ އާސިޔާ ބުނެލިއެވެ.

“އެވާހަކަތަކަށްވުރެ އަރުފީނުގެ ހާލުއެނގުން މުހިއްމު، ތިހުރިހާ އެއްޗެއް ބަހައްޓާފައި އާދެބަލަ ދައްތައާ ވާހަކަދައްކާލަން މިތަނަށް”

ފިނިވެފައި ހުރެ ޝާރުދާއާ އެއްކޮށް އަރުފީނު އައިސް ބޮޑުކޮޓަރީގެ ސޯފާގައި އިށީނެވެ. އެގެއަށް ބަދަލެއް ނާދެއެވެ. ފެންނަނީ މީގެ އަހަރުތަކެއް ކުރިން ވެސް އަރުފީނަށް ފެނުނު ގޮތަށެވެ. ޝާރުދާގެ މޫނުގައިވާ ހިނިތުންވުން މިއަދު ވެސް ފެންނަނީ ބަދަލުވުމެއްނެތިއެވެ. އޭރުގެ ހިތްހެޔޮ ކަމާއި އޯގާތެރިކަމެވެ. އެހެންނަމަވެސް އަރުފީނުގެ ލޮލުގައި އަޅައިގަތީ ބޮޑުކޮޓަރީގެ ތަނބެއްގެ ފަހަތުގައި ހުރެ ސިއްރުން ކަހަލަ ގޮތަކަށް ބަލަމުން ދިޔަ ކުޑަ އަންހެންކުއްޖާއެވެ.

“މިގެއިން ދިޔައީމަ ދައްތަމެން މަތިން ހަނދާންނައްތާލީތަ؟” އަރުފީނުގެ ކޮނޑުގައި ފިރުމަމުން ޝާރުދާ ވާހަކަދެއްކިއެވެ.

“ކިޔެވުމުގައި ހުރިހާ ވަގުތެއް ހޭދަވެގެންދަނީ”

“އާސިޔާ ބުންޏޭ ދައްތަ ގާތު އަރުފީނު ކިޔަވަން ބޭރަށް ފުރިވާހަކަ، ބުނި ވަރަށް އަވަހަށް ޑޮކްޓަރަކަށްވާން އުޅޭ ވާހަކަ ވެސް” އަރުފީނު ފެނުމުން ޝާރުދާ އިނީ އުފަލުންކަން ޚުދު އަރުފީނަށް ވެސް އެނގެއެވެ. އެކަމަކު އޭނާގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. އަވަސް ނަޒަރެއް ގޭގެ އެކި ދިމާއަށް ހިންގާލެވެއެވެ.

“ހިނގާ ސައިބޯން، އަރުފީނު އަންނަންވާއިރަށް ސައިހަދައިގެން މިއިނީ”

ޝާރުދާ، އަރުފީނު ލައްވާ ކުރުވަން ބޭނުންވި ކޮންމެކަމެއް އޭނާ ކުރިއެވެ. ސައިކޮޓަރިއަށް ވަދެ ޝާރުދާގެ ހެދުމުގައި ހިފަހައްޓާލި ކުޑަ އަންހެންކުއްޖާއަށް އަރުފީނު ވަރަށް ރަނގަޅަށް ބަލާލިއެވެ. އެމަންޒަރު އަރުފީނަށް ސައިޖޯޑު ގެނެސްދިނުމަށް އެނބުރިލި ޝާރުދާއަށް ފެނުނެވެ. އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އަދި ޔަލާގެ ބޮލުގައި ފިރުމާލަމުން އަރުފީނާ ވާހަކަދައްކަން ފެށިއެވެ.

“ވައްތަރުވެގެން ދޯ ތި ބަލަނީ…” ޝާރުދާ މިހެން ބުނެލުމާއެކު އަރުފީނު ހިނިތުންވެލިއެވެ. އަދި އަވަސް އަވަހަށް މޭޒުމަތީ ހުރި ހެދިކާ ތަށިތަކަށް ނަޒަރު ހިންގަންފެށިއެވެ. އެހެންނަމަވެސް ލޮލުގެ ހިމަކޮޅުން މޭޒުގެ ކޮޅުގައި ހުރި ގޮނޑީގައި ޝާރުދާ ބޭންދި ކުޑަކުއްޖާއަށް ނުބަލައެއް އަރުފީނަކަށް ނީނދެވުނެވެ.

“އަޅުގަނޑުގެ ގާތުގައި ދައްތަ ކަމަކު ކިޔަން އެދޭ ވާހަކަ އާސިއްޔަތަ ބުނި”

“އަރުފީނު މިގޭގައި ހުރިއިރު އެންމެ ގިނައިން ޖެއްސުންކޮށް އުޅުނީ ރުހައިލު، އެ ދުވަސްތައް ހަނދާންވެފައި ދައްތަ ވަރަށް ހިނި އާދޭ… އެކަމަކު އޭރުގެ ވާހަކަދައްކާކަށް ނޫން މިއުޅެނީ، މި އިނީ ޔަލާ، އެނގޭތަ ކާކުގެކަން މީ” ޝާރުދާ ވަކިން ބޮޑަށް ހިނިތުންވެލިއެވެ. އަދި އަރުފީނަށް ބަލަހައްޓައިގެން އިނީ އޭނާ ދޭނެ ޖަވާބެއްގެ އިންތިޒާރުގައި އިންހެނެވެ.

“އާސިއްޔަތަ އެއްވެސް ވާހަކައެއް ކިޔައެއްނުދޭ، ބުނިހާ ވެސް ވަރަކީ ކުޑަކުއްޖަކަށް އެހީ ބޭނުންވެގެންނޭ…” ހިތުގައި އޮތް އެއްޗެއް ހިތުގައި ފޮރުވާލަން މަސައްކަތް ކުރަމުން އަރުފީނު ދިޔައިރު ފައިގައި ބާއްވާލާފައި އޮތް އަތްތިލައިގެ ދިގު ނިޔަފަތިތަ ފައިގެ ފަލަ މަސްގަނޑަށް ވަންނަމުން ދިޔައެވެ. އޭނާގެ ނަޒަރު ޔަލާއާ ވަތްކެއް ނުވިއެވެ. ހިތުގެ ދުލުން ރުހައިލުގެ ނަން ކިޔުނީ ކިތައް ފަހަރުކަން ވެސް ނޭނގެއެވެ. ޝާރުދާ ބުނަން އުޅެނީ ކީކޭކަން އަރުފީނުގެ ހިތާއި ޟަމީރަށް އެނގޭ ކަހަލައެވެ.

“ނޭނގުނުތަ؟ ދައްތަ ހީކުރީ ރުހައިލުއާ ވައްތަރުނުވިޔަސް ނައިރާއާ ވައްތަރުވާނެކަމަށް”

އަރުފީނުގެ ހިތް ހިނދުކޮޅަކަށް ވިޔަސް ހުއްޓުނެވެ. ހައްޓަށް ވަދެގެން ދިޔަ ނޭވާއާއެކު މުޅި މީހާ ވެސް ހުއްޓިފައި އިން ކަހަލައެވެ. ކުއްލިއަކަށް ޔަލާގެ މޫނުމަތިން އޭނާއަށް ހުރިހާ ކަމެއް ސިފަވާން ފެށި ކަހަލައެވެ. ސިއްރުން ބަލާލާ ކަޅިރަވައިގައި ވަނީ ނައިރާގެ ކަޅިރަވައިގައި ހުންނަ ތޫނުކަމެވެ. ޝާރުދާގެ އެދުމަށް ހިނިތުންވެލި ނަމަވެސް ޔަލާގެ ތުންފަތްމަތިން ވެސް ފާޅުވެގެން ދިޔައީ ނައިރާއެވެ. އިސްތަށިގަނޑުގައި ދެ ފަރާތާއި މެދުގައި ދަތި ހަރުކޮށްލާފައި ހުރިއިރު ނައިރާގެ ފަށުވިކޮޅެއް ފަދަ ކަޅު އިސްތަށިގަނޑު ކިތަންމެ ރީތިކޮށް ވެސް އަރުފީނަށް ސިފަވެއްޖެއެވެ. އެހެންނަމަވެސް ރުހައިލުގެ ސިފަ ވެސް އެ ތުއްތު މޫނު މަތިން ނުފެނިއެއް ނުދިޔައެވެ.

“ޔާއްކޮއަށް އެނގޭތަ، މީ ޑެޑީގެ ރަޙުމަތްތެރިއެކޭ، ޔާއްކޮ ވެސް ވާނެ މި ދައްތައާ ރަޙުމަތްތެރިކަން ބާއްވަން، ދޭ ބަލަ އެ ދައްތައާ ސަލާމްކޮށްލަން” އަރުފީނުގެ ކުރިމަތީގައި އިން ޝާރުދާ މިހެންބުނެ ޔަލާގެ ކޮނޑުގައި މަޑުމަޑުން ޖަހާލިއެވެ. އެއާއެކު ނުކެރިފައި އިނދެވެސް ޔަލާ ގޮނޑިން ލޫދިގަނެގެން ކަހަލަ ގޮތަކަށް ފައިބައިގެން އައިސް އަރުފީނުގެ އެއްފަރާތުގައި ހުއްޓި އަތްދިއްކޮށްލީ ލޯބިގޮތަކަށް ހިނިތުންވެލައިގެން ހުރެއެވެ.

ގަދަކަމުން ހިނިތުންވެލަމުން ޔަލާގެ ކުޑަކުޑަ އަތުގައި އަރުފީނު ހިފާލިއެވެ. އެހިނދު ޔަލާ އަތްދަމައިގަންނަމުން ވަރަށް ފިނިކަމުގައި ބުނެލިއެވެ. އެއާއެކު އަރުފީނަށް ހެވުނެވެ. އޭނާ ހާސްވެފައި އިންވަރުން އަތްފައިވަނީ ފިނިވެފައެވެ. ޝާރުދާ ވެސް ހީނލިއަޑު އިވުނެވެ.

“އަހަރެން ދެން ދަނީއޭ… އަދި އެބަޖެހޭ ލޫތަށް ބޫޓަށް ގަނެދޭން ދާން ވެސް” ހިނިއައިސްފައި އިން އާސިޔާ ބުނެލިއެވެ. އޭނާގެ މާމަ ދަރި ގޮވައިގެން ބޭރަށް ދާން ޖެހޭކަން ކުރިން ވެސް އާސިޔާ އޮތީ ޝާރުދާ ގާތު ބުނެފައިކަމުން އޭނާ މައްސަލައެއް ނުޖެއްސިއެވެ. އެހެންނަމަވެސް އާސިޔާ ނެތުމުން އަރުފީނު އެކަނިވާނޭތީވެ ޚުދު އަރުފީނު އިހުނަށްވުރެ ކަންބޮޑުވި ކަހަލައެވެ.

އާސިޔާ ނިކުމެގެން ދިއުމުން ޝާރުދާ އެ ގޭގައި ގެންގުޅޭ މީހުންގެ ތެރެއިން ޖައުހަރީއަށް ގޮވާލާފައި ގެނެސް އޭނާއާއެކު ޔަލާ ފޮނުވާލިއެވެ. އަރުފީނާ ވާހަކަދައްކާލާފައި ޔަލާގެ ގާތަށް ދާނަން ކަމުގައި ޝާރުދާ ބުނުމުން ޔަލާ ވެސް ވަރަށް ބަސްއަހައިގެން ޖައުހަރީއާއެކު ހިނގައިގަތެވެ. އެހެންނަމަވެސް ވަކި ހިސާބަކުން ޖައުހަރީގެ ފައިގައި އަތްޖައްސާ ކޮށްޕާލަމުން އޭނާގެ އަތުގައި ނުޖެހެން ކާކޮޓަރި ތެރެއިން ބޭރަށް ޔަލާ ދުއްވައިގަތެވެ. އެ މަންޒަރު ފެނި އަރުފީނަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. ހީވީ އޭނާގެ ހިތް ހިނިތުންވެލި ހެންނެވެ. އެތައް އަހަރަކަށްފަހު ރުހައިލުގެ ލާނެތްކަމުން ތަންފުކެއް ލޯ ކުރިމަތީން ސިފަވެގެން ދިޔަހެނެވެ.

“ޔަލާއަށް ވާހަކަދެއްކުމުގައި އުނދަގޫތަކެއް ހުރޭ، އެކަމާ ދައްތަ ވަރަށް ކަންބޮޑުވޭ، ބޮޑުވަމުން އަންނައިރު ރަނގަޅުވާނެއޭ އެންމެން ބުންޏަސް ދައްތަގެ ހިތް ބިރުގަންނަނީ، ނައިރާގެ މަންމަ، މަރިޔަމް ވެސް ބުނެފި ތެރެޕީ ދޭން ޖެހޭނެ ވާހަކަ، ޔަލާ ގޮވައިގެން ބޭރަށް ދާން ވެސް ވަރަށް ވިސްނިން، އެކަމަކު ރުހައިލު ވަރަށް ގޮތްދޫނުކުރޭ… ހަމަ ހިލާ ޤަބޫލެއްނުވި، ޑޮކްޓަރަށް ވެސް ނުދިޔައީ އެއީ ޑޮކްޓަރަށް ދާންޖެހޭ ވަރުކަމެއް ނޫނޭ ކިޔާފައި… މިގޭގައި ދައްތަ ނޫނިއްޔާ މިހާރު ނެތް މި ކަމަކާ ކަންބޮޑުވާ އެކަކު ވެސް…. ދައްތައަށް ހީވަނީ ކިޔަވަން ވެސް ޔަލާއަށް އެހާ އުނދަގުލީ އެހެންވެހެން، އެހާ ކުޑައިރު ވެސް ސުކޫލުން ބުނޭ ގޭގައި ޔަލާއަށް މަސައްކަތްކޮށްދިނުމަށް… ރުހައިލު އެ އުޅެނީ ހަތަރުދަމު ކަހަލަ ގޮތަކަށް އޮފީހުގެ މަސައްކަތުގައި…” ޝާރުދާގެ ވާހަކަތައް ކުރިއަށް ގެންދިޔައިރު އެއްފަހަރު ވެސް ނައިރާގެ ވާހަކަނުދައްކާތީ އަރުފީނު ސުވާލު އުފެދިފައި އިނެވެ. އެހެންނަމަވެސް އެއްވެސް ވާހަކައެއް އިސްވެ އަހާކަށް އޭނާއަކަށް ނުކެރުނެވެ. ޔަލާގެ މަންމައަށް ނައިރާ ވީއިރު އޭނާގެ ޚިޔާލު ހުރިގޮތް އެނގެން ނައިރާ ބޭނުންވެފައި އިން ކަހަލައެވެ. އޭގެ އިތުރުން އޭނާގެ އަމިއްލަ ނަފުސާ ކުރެވޭ ސުވާލަކަށް ވެފައި ވަނީ ރުހައިލު އޭނާގެ އެހީތެރިކަން ބޭނުންވެދާނެބާއެވެ.

ސައިބޮއެ ނިމިގެން ވެސް ޝާރުދާ، އަރުފީނު ގޮވައިގެން ސައިކޮޓަރީގައި މަޑުކޮށްލީ އޭނާ ދައްކަން ބޭނުންވެފައި ހުރި ހުރިހާ ވާހަކައެއް ދެއްކުމަށްޓަކައެވެ. އަރުފީނަށް ނައިރާއާ ބެހޭގޮތުން އެއްވެސް ކަމެއް ނޭނގުނަސް ޝާރުދާ ހުރީ ރުހައިލުގެ އުޅުމާމެދު ކަންބޮޑުވެފައި ކަން އަރުފީނަށް އެނގުނެވެ. ޔަލާގެ މައްސަލަތައް ވެސް ޝާރުދާގެ ވާހަކަތަކުން ވަރަށް ރަނގަޅަށް ތަފްޞީލު ވެގެން ދިޔައެވެ. ޝާރުދާ ދެ ފަހަރު އަހާލި ފަހުން ޔަލާއާ އެހީވުމަށް އަރުފީނު ޤަބޫލުކަން އަންގާލީ ބޮލުގެ އިޝާރާތުންނެވެ. ދެން ވެސް ޝާރުދާގެ ވާހަކައެއް ހުއްޓައެއް ނުލިއެވެ. ސައިކޮޓަރިން އަރުފީނު ގޮވައިގެން ނިކުމެ ބޮޑުކޮޓަރީގެ ސޯފާގައި އިނެވެ. ވާހަކައިގައި އެމީހުން ތިއްބާ ދޮރުން ވަދެގެން އައީ މަލީކެވެ.

“ޝާރުދާ…”

މަލީކުގެ އަޑުއިވުމާއެކު އަރުފީނުގެ އަތުގައި އޮތް ފޯނު ދޫވެގެން ކާޕެޓުގެ މައްޗަށް ވެއްޓުނެވެ. ދޮރުން ވަންނަ މީހުންނަށް ފުރަގަސް ފެންނާނޭހެން އަރުފީނު އިށީނދެލައިގެން އިނދެވުން ކަން ނަސީބެކޭ އޭނާގެ ހިތަށް އެރިއެވެ. ގުދުވެލާފައި ފޯނު ނަގަން އުޅެލުމާއެކު ޝާރުދާ އަވަސް އަވަހަށް ތެދުވެގެން މަލީކުގެ ގާތަށް ދިޔައެވެ. އެ ދެމީހުން ދެއްކީ ކޮން ވާހަކައެއް ކަމެއް ވެސް އަރުފީނަކަށް އަޑެއް ނީވުނެވެ. އޭނާ އިނީ އެހާ ވެސް ހިތް އަވަސްވެފައެވެ. އަރުފީނުގެ ނަސީބު ނޫންކަމެއް ވެސް ނޭނގެއެވެ. މަލީކު އެތަނަށް އައުމުގެ ބަދަލުގައި ގޮސް ލިފްޓަށް އެރިއެވެ. ޝާރުދާ އައިސް އިށީންތަން ފެނުމުން އަރުފީނު އިނީ ދިއުމުގެ ހުއްދައަކަށް އެދެން ބޭނުންވެފައެވެ. އެހެންނަމަވެސް އެ ވާހަކަ ނުބުނެވިގެން އުޅެނިކޮށް ޝާރުދާ ދެން ފެށީ އަރުފީނުގެ ޢާއިލާ މީހުންގެ ވާހަކައެވެ. ވަކިވަކިން އެންމެންގެ ވާހަކަ އަހަމުން ދިޔައެވެ. ވާހަކަ މެދުކަނޑާލާފައި އެގެއިން ނުކުތުމަކީ ހުތުރުކަމެއްކަމަށް ފެންނާތީ އަރުފީނު މަޑުކޮށްލައިގެން އިނީ ގޮތްހުސްވެފައެވެ. އެހެން އިނދެ އަތުކުރީ އޮތް ގަޑިއަށް ބަލާލި އިރު ހައެއް ޖެހީއެވެ. ދެ ބުމަ ހިއްލާލުމާއެކު ފުންނޭވާއެއް އަރުފީނު ލިއެވެ. ހީވީ އޭނާ ވަރުބަލިވެފައި އިންކަމުގައި ޝާރުދާއަށް ހީވެ ދިއުމުގެ ހުއްދަ ދީފާނެތީވެ ކޮށްލި ކަމެއްހެންނެވެ. އެހެންނަމަވެސް އެކަން ވެސް ވީ ބޭކާރުކަމަކަށެވެ.

“ރުހައިލު…” ކުއްލިއަކަށް ޝާރުދާގެ މޫނުމަތިން އުޖާލާކަން ފާޅުވެގެން ދިޔައެވެ. އަރުފީނުގެ ދެލޯ ބޮޑުވެ އިސްޖަހާލެވުނެވެ.

ޝަރުދާގެ އަޑަށް ބޮޑުކޮޓަރިއަށް އެއްވެސް ފަރުވާލެއްނެތި ވަދެގެން އައި ރުހައިލު ބަލާލިއެވެ. ސޯފާގައި އަންހެންކުއްޖަކު އިންތަން ވެސް ފެނުނީ ދެނެވެ. އެހެންނަމަވެސް އެއީ ކާކުތޯ ބެލުމުގެ ޝައުގުވެރިކަމެއް އޭނާގެ ނެތެވެ.

“ޔަލާ ކޮބާ؟” ޝާރުދާގެ ގާތުގައި އަހާލި ނަމަވެސް އަރުފީނަށް ހީވީ އޭނާގެ ކަންފަތް ބުޑުން ރުހައިލުގެ އަޑުއިވިގެން ދިޔަހެނެވެ. އެ އަޑުގެ އަސަރުގައި އަރުފީނުގެ ހިތުގައި ފަސޭހަވަމުން އައި ޒަހަމްތައް އަލުން ފޫއަޅުވާލިއެވެ. އެހިނދު ބޭއިޚްތިޔާރުގައި ކަހަލަ ގޮތަކަށް ދެ ލޯ މަރާބާރުކޮށްލުމާއެކު ދެތުންފަތް ބާރުކޮށްލި ގޮތުން ހީވީ އަނގައިން ބޭރުވާން އުޅުނު އާހުގެ އަޑު އަރުތެރޭ ބޭރުވިޔަ ނުދީ ދިރުވާލަން ބޭނުންވީ ހެންނެވެ.

“ވެއްޖެ މަތީގައި، އިހަށް އާދެބަލަ މަންމައާއެކު، މި އިނީ ކޮންކުއްޖެއްކަން އެނގޭތަ، ޔަލާގެ ކަންތައްތައް….” ޝަރުދާއަށް ބުނެވުނީ ވަކި ވަރަކަށެވެ. އޭނާގެ ވާހަކައަށް ރުހައިލު ހުރަސްއެޅީއެވެ.

“މަންމާ، އަޅުގަނޑު ހެނދުނު ވެސް ނުބުނަންތަ ޔަލާއަކަށް މީހަކު ބޭނުމެއްނުވެޔޭ، ސޯ ޕްލީޒް މަންމާ…” ހުއްޓާލާށޭ ބުނާ ފަދަ ގޮތަކަށް ރުހައިލު ވާހަކަދެއްކުމުގެ އިތުރުން އޭނާގެ އަޑު ވަކިން ބާރުކޮށްލީ ސޯފާގައި އިން މީހަކަށް އަޑުއިއްވާ ލުމުގެ ނިޔަތުގައި ކަހަލައެވެ. އެއާއެކު ރުހައިލު މަޑުކުރުމެއްނެތި ސިޑީގެ ހަރުފަތްތައް ގިރާ ކުރަމުން ހަލުވިކޮށް އަރައިގެން ހިނގައްޖެއެވެ.

“އެ ދިޔައީނު، މީހަކު ދައްކާވާހަކަ އޭނާ އަޑެއް ނާހާނެ، އެކުން މިހާއިރު އަރުފީނު މަޑުކުރުވީ ވެސް ރުހައިލުއާ ބައްދަލުކޮށްފައި ފޮނުވަންވެގެން، އެކަމަކު އޭނާއަށް މިހާރު މީހަކާ ބައްދަލުކުރާނޭ ވަގުތެއް ނުވާނެ… މިހުރިހާ ކަމަކީ ވެސް ނައިރާ ނެތުމުން ދިމާވެގެން އުޅޭ ކަންކަން، އޭނާ ހުރިނަމަ މިހާރު ރުހައިލު ހަމަ މަގަށް އަޅުވައިފީސް” ހިތްހަމަނުޖެހިފައި ހުރި ފަދަ ގޮތަކަށް ޝާރުދާ އައިސް ސޯފާގައި އިށީނެވެ. އަރުފީނު އެއްޗެއް ނުބުނެ އިންގޮތަށް އިނީއެވެ. ޝާރުދާ ކުދިކިޔަމުން ގޮސް ހުއްޓާލީ އޭނާ ހިތްހަމަޖެހޭ ވަރުވީމައެވެ. އެހެންނަމަވެސް އޭނާ އަރުފީނަށް ބަލާލިއިރު ވެފައި އިންގޮތުން ހުއްޓުން އެރިއެވެ.

“ނައިރާ ނެތީމައޭ…” ޤަބޫލުނުކުރެވިފައި އިނދެ އަރުފީނަށް އަހާލެވުނެވެ. ޝާރުދާއަށް ރެއަކާލީ ދެނެވެ. އަރުފީނަށް އެއްވެސް ކަމެއް ނޭނގެއެވެ.

އިސްޖަހާލަމުން ފުންނޭވާއެއް ލާ ޝާރުދާ ހަމަޖެހިލިއެވެ. އަދި މަޑުމަޑުން އިނދެ ނައިރާގެ މަރުގެ ޚަބަރު ދިނެވެ. އެހިނދު އަރުފީނުގެ މޫނުމަތިން ފާޅުވެގެން ދިޔައީ ޝާރުދާގެ ވާހަކަތައް ޤަބޫލެއް ނުކުރެވެޔޭ ބުނާ ފަދަ އަސަރުތަކެކެވެ. ކުރިއަށްވުރެ އަރުފީނުގެ ހިތަށް ތަދުވިއެވެ. ޝާރުދާއަށް ކަންތައްތައް ފެނުނު ގޮތަށް އަރުފީނަށް ކިޔައިދިނެވެ. ނައިރާ އާއި ރުހައިލާ ދެމެދު ފުރަތަމަ ފަހަރަށް މައްސަލައެއް ޖެހި ނައިރާ ގެއިން ނިކުމެގެން ދިޔަ ކަމާއި ރުހައިލު ގޮސް ނައިރާ ގެނައިކަމެވެ. އަދި ނައިރާ އެންމެނާ ވަކިވީ އޭގެ އަނެއް ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމެވެ. ދެ އަތްތިލައިން ކޯތާފަތް އަރުފީނު ފޮހެލިތަން ޝާރުދާއަށް ފެނުމާއެކު އިންތަނުން ތެދުވެގެން އައިސް އަރުފީނުގެ ގާތުގައި އިށީނެވެ. ކޮނޑުގައި ފިރުމާލުމާއެކު ޝާރުދާ ވާހަކަދެއްކިއެވެ.

“މާ އަވަހަށް އެކުއްޖާ އަހަރުމެންނާ ވަކިވީ… ލޯބިލޯބި ޔަލާއަށް ހަދާނެ ގޮތެއް މާޔޫސްވެފައި ހުރި ރުހައިލަކަށް ނޭނގޭ، އޭނާ މުޅިން ބަދަލުވެއްޖެ، މިއަދު ނައިރާ ނެތްކަމުގެ ހުސްކަން ފޫބައްދާނެ ގޮތެއް ދައްތައަކަށް ނޭނގުނު، ރުހައިލުގެ ހިތުގައިވަނީ ކީކޭކަމެއް އެނގޭނީ ހެއްދެވި ފަރާތައް، އެކުއްޖާ ހިތާމަކުރާކަން މީހަކަށް ނުފެންނާނެ، އެހެންވިޔަސް މީ ރުހައިލުގެ މަންމަ… އަހަންނަށް އަހަރެންގެ ދަރިފުޅުގެ އެކަނިވެރިކަން އެހެންމީހަކަށް ނުފެނުނަސް މި ދެލޮލަށް ފެނޭ… ޓެރެސްގައި އެތައް އިރެއްވާންދެން ހުއްޓުން އަރާފައި ހުންނަނީ ކޮން ޚިޔާލެއްގައި ކަމެއް ވެސް އެނގެނީއެއްނޫން… އަރުފީނު، ރުހައިލަށް ވިސްނައިދީބަލަ… ތި ދެ ކުދިންގެ ދެމެދުގައި އޮތް ރަޙުމަތްތެރިކަމަށް ރުހައިލު އިޙްތިރާމުކުރާނޭކަން ޔަޤީން، އޭނާ ފަހުންފަހުން އައިސް އަރުފީނަށް ވަރަށް ޤަދަރުކުރާކަން ދައްތައަށް އެނގޭ، އެހެންވީމަ އަރުފީނު ބުނެފިއްޔާ އޭނާ ކަންކަން ބަދަލުކޮށްފާނެ….” ޝާރުދާގެ ދެ ލޯ ވެސް ފެންކަޅި ނުވެއެއް ނުދިޔައެވެ. އަރުފީނަށް އެހާމެ އަވަހަށް ބޯޖަހާލެވުނެވެ. އަދި އިންތަނުން އޭނާ ތެދުވިއެވެ.

“ދަނީތަ؟”

“ހޫމް! ޔަލާއަށް އެހީތެރިވުމުގެ މަސައްކަތް މާދަމާއިން ފެށިގެން ފަށާނަން”

“މިއަދު ދައްތަގެ ހިތަށް ލިބުނު ހަމަޖެހުން ބަޔާންކުރާނެ ގޮތެއް ވެސް ނޭނގޭ، އަރުފީނު ހާދަ ރަނގަޅޭ…”

ދެ ލޯ ފުހެލަމުން ބޮޑުކޮޓަރިން ނިކުންނަން ދިޔަ އަރުފީނުގެ އަތުގައި ހިފާ ގާތްކޮށްލައިގެން ހުރެ ޝާރުދާ ބުންޏެވެ. ހީވަނީ އަރުފީނު އެގެއިން ދާން ބޭނުންނުވާ ހެންނެވެ. އެކަމަކު އޭނާ ހިފެހެއްޓޭނޭ ގޮތެއް ވެސް ނެތެވެ. އެހެންވިޔަސް ޝާރުދާއަށް އައު އުންމީދެއްގެ ފެށުން ފެނިފައިވާ ކަހަލައެވެ. ބޮޑުކޮޓަރީގެ ދޮރުމަތީ ޝާރުދާ ހުއްޓިލައިގެން ހުއްޓެވެ. އަރުފީނު ޕޯޓިކޯގެ ސިޑިން ފައިބައިގެން ގޭޓާ ދިމާއަށް ދިއައެވެ.

“ނައިރާ…” މަޑުމަޑުން ނައިރާގެ ނަންކިޔާލުމާއެކު އަނެއްކާ ވެސް އަރުފީނުގެ ލޮލުން ކަރުނަ އަތުވެއްޖެއެވެ. ރުހައިލުގެ ދިރިއުޅުން ގޮސްފައިވާ ހިސާބުން އޭނާގެ ހިތަށް ތަދުވަނީއެވެ. މި ހުރިހާ ދުވަހު އޭނާ ހުރީ ރުހައިލު އާއި ނައިރާއަށް އުފާވެރި ދިރިއުޅުމަކަށް އެދިގެން ދުރުގައެވެ. އެމީހުންގެ އުފާވެރިކަމަށް ޚުދު ތިމާ މީހާގެ ހިޔަނިވެސް އެޅި ދާނޭތީވެ ބިރުންނެވެ. އެކަމަކު ދުރުކޮށްލެވުނީ މާބޮޑަށެވެ. އަރުފީނަށް ރޮވެނީ އެހެންވެއެވެ. ތުންފިއްތަމުން ނުރޯން ކުރި މަސައްކަތްވީ ބޭކާރެވެ. ގޭޓާ ހަމައަށް އާދެވުމާއެކު އެ ދަގަނޑު ގޭޓުގެ އެއްފަރާތުގައި އަރުފީނު ހިފަހައްޓާލިއެވެ. ހިތަށްކޮށްފައިވާ ފުން އަސަރާއެކު ކުރިއަށް ދާނޭހާ ހިތްވަރު އަރުފީނުގެ ނެތުނީ ކަހަލައެވެ. ވޭތުވެދިޔަ އަހަރުތަކުގައި އަރުފީނު އޭނާގެ އުފާތައް ޤުރުބާންކޮށް އަމިއްލަ ހިތް ޒަހަމްކޮށްލާ ފުންމީނޭނގޭ ކަރުނައިގެ ކަނޑަކަށް ގެބިގެން ދިއުމަށް އަމިއްލަ ނަފުސު ދޫކޮށްލީ ރުހައިލަށްޓަކައެވެ. ނައިރާގެ އުފަލަށްޓަކައެވެ. ޝާރުދާގެ ހެޔޮކަމާއި އޯގާތެރިކަމަށް އިހުސާންތެރިވުމަށްޓަކައެވެ. މުޅި ދުނިޔޭން ވެސް އުފަލުގައި ބަހައްޓަން އަރުފީނު ބޭނުންވި މީހާ ހުރީ އުފަލުގައި ނޫންކަން އެނގުމުން މިއަދު އެ ހިތުން ލޭ އޮހޮރެމުން ދާ ކަހަލައެވެ. ރޮމުން ރޮމުން މޭގައި އަތްޖައްސާލެވުނު އަރުފީނު ސިހިގެން ދިޔައީ އޭނާގެ ފުރަގަހުން މީހަކު ކޮނޑުގައި އަތްޖައްސާލުމުންނެވެ. ކަރުނުން ފުރި ބަންޑުން ވަމުން ދިޔަ ދެ ލޮލުން ފަސްއެނބުރި އެ މީހަކަށް އަރުފީނު ބަލާލިއެވެ.

މާޔޫސްކަމާއެކު އަރުފީނަށް ބަލަން ހުރީ ފާރޫޤެވެ. އަވަސް އަވަހަށް ދެ ލޯ ފުހެލުމާއެކު އަރުފީނު ހިނގައިގަތީ އެ ގެއިން ނުކުތުމަށެވެ. ހަމަ އެވަގުތު އަރުފީނަށް ފާރޫޤު ގޮވާލިއެވެ.

“ކާރު އޮންނާނެ ބޭރުގައި، ހިނގާ ގެއަށް ގެންގޮސްދޭނަން”

“ރަނގަޅުވާނެ، ހިނގާލާފައި ހިނގައިދާނަން”

“އަރުފީނު ހިނގާފައި ދިޔަކަން ޝާރުދާއަށް އެނގިއްޖެއްޔާ ހިތްހަމައެއްނުޖެހޭނެ، އަހަރެން ފޮނުވީ އަރުފީނު ގެއަށް ގެންގޮސްދިނުމަށް”

ކުރިއަށް ޖެހިލާ ގޭޓު ހުޅުވާލާފައި ފާރޫޤު ދުވާރުމައްޗަށް ނުކުތެވެ. އަދި އަރުފީނަށް ބޮލުން އިޝާރާތްކޮށްލީ އަންނާށޭ ބުނުމަށެވެ. މަޑުމަޑުން އަރުފީނު ހިނގައިގަތެވެ. އެއާއެކު ގޭޓު ކައިރިކޮށްލުމާއެކު ފާރޫޤު އައިސް ދުވާރުކައިރީ ބާއްވާފައި އޮތް ކާރުގެ ފަހަތު ސީޓުގެ ދޮރު ހުޅުވާލިއެވެ. ބަހެއް ނުބުނެ އަރުފީނު ކާރަށް އަރާ ހަމަޖެހިލިއެވެ.

އަހަރުތަކެއް ކުރިން އެ ކާރުގައި އަރުފީނު އެނބުރި އޭނާގެ މައިންބަފައިންގެ ގާތަށް އައީ މިއަދު އޭނާ އެއިން ހާލުގައެވެ. އެ ހިތްދަތިކަމުން ފުރިގެންވި ރޭ ވެސް އޭނާ ގެއާ ހަމައަށް ރައްކާތެރިކަމާއެކު ގެންގޮސްދިން މީހަކީ ފާރޫޤެވެ. އެހެންނަމަވެސް އެ ރެއެއްފަހު އަރުފީނުގެ މުޅި ދިރިއުޅުން ބަދަލުވެގެންދިޔައެވެ. ކާރު ދުއްވަމުން ދިޔައިރު ކުރިމަތީގައި ކަހަލަ ގޮތަކަށް މަތީ ހަރުކޮށްފައި ހުރި ލޯގަނޑުކޮޅުން ފަހަތު ސީޓުގައި އިން އަރުފީނު ދޭތެރެއަކުން ލޯ ފުހެލާތަން ފެންނަމުން ދިޔައެވެ. އެއްޗެއް ބުނަން ބޭނުންވެފައި އިންހެން ފާރޫޤު އިރުކޮޅަކު އިނދެފައި ވާހަކަދައްކަން ފެށިއެވެ.

“ބޭބެ ހީކުރީ ރުހައިލު ބުނާނެކަމަށް ނައިރާގެ ވާހަކަ، އެކަމަކު ދެންމެ ފެނުނު ކަންތައްތަކުން އެނގިއްޖެ، އެ ހިތާމަވެރި ޚަބަރު އަރުފީނަށް ލިބުނީ އަދިކިރިޔާކަން….”

އަރުފީނު އެއްވެސް އެއްޗެއް ނުބުނުމުން އިތުރަށް ވާހަކަދައްކާކަށް ފާރޫޤު ބޭނުމެއްނުވިއެވެ. ކާރު އައިސް އަރުފީނުގެ ގެއާ ކައިރީ ޕާކުކޮށްލުމާއެކު ފާރޫޤަށް ޝުކުރު އަދާކޮށްފައި އަރުފީނު ކާރުން ފޭބިއެވެ. އަރުފީނު ގެއަށް ވަންނަން ދެން ފާރޫޤު މަޑުކޮށްލައިގެން އިނދެފައި ދުއްވާލިއެވެ.

ދޮރޯށި ލައްޕާލުމާއެކު އަރުފީނު ފުންނޭވާއެއް ލިއެވެ. އަދި އަތުގައި އަޅުވާލާފައި އޮތް ދަބަހުގެ ތެރެއިން ޓިޝޫއެއް ނަގާ މޫނު ސާފުކޮށްލުމާއެކު ކުރިއަށް ހިނގައިގަތެވެ. ބޮޑުކޮޓަރިއަށް ވަންއިރު އެތަނުގައި މީހަކު ނެތެވެ. އަވަސް އަވަހަށް ދުވަމުން ކަހަލަ ގޮތަކަށް އައިސް ސިޑިން އެރިއެވެ. އޭނާއަށް ކޮޓަރިއަށް ވަދެވުނު ގޮތަށް ހުރީ ހުއްޓުން އަރާފައެވެ. ސިކުނޑި ތެރޭގައި ވަނީ ރުހައިލުގެ ޚިޔާލެވެ. އޭނާއާ ކުރިމަތިލާނޭހާ ހިތްވަރު ނެތްއިރު ނައިރާގެ މަރާ ގުޅިގެން އެއްޗެއް ބުނަން ކެރޭނެހެއްޔެވެ. ހާސްވިވަރަކަށް އަރުފީނުގެ ދެ ލޯ ތެމެމުންދިޔައެވެ. ޔަލާގެ މައުސޫމްކަމާއި ރުހައިލުގެ އެކަނިވެރިކަން އަރުފީނުގެ ހިތަށް އުނދަގޫކުރަނީއެވެ. މަޑުމަޑުން އެނދުގެ ފައިލާކޮޅުގައި އިށީނދެލައިގެން އަރުފީނު އިނެވެ. ބޮޑުފިކުރެއްގައި އިންހެނެވެ. އޭރު ވެސް އެއްވަރަކަށް ދެ އަތުން ލޯ ފުހެމުން ދިޔައެވެ.

އަނގަޔާ ދިމާކޮށް ފެންފުޅި އަރިކޮށްލި އުނައިސްއަށް އާތިޤާ ގޮވާލިއެވެ. އަދި އައިސް ކަބަޑުން ބިއްލޫރިތަށްޓެއް ނަގާ ދޮވެލުމާއެކު އުނައިސްގެ އަތަށް ދިއްކޮށްލިއެވެ. ހިނިއައިސްފައި ހުރެ އުނައިސް ތަށީގައި ހިފާލިއެވެ. ފެންފުޅި އަނގަޔަށް އަރިކޮށްގެން ފެންބުއިމަކީ އާތިޤާ އެހާ ރުހޭ އާދައެއްނޫނެވެ. އެކަން އުނައިސްއަށް އެނގުނެއްކަމަކު އާދަވެފައި ހުރި ކަމެއްވީމަ އެކަން ހުއްޓާލުން ފަސޭހަ ނޫނީއެވެ.

“ކޮންއިރަކުން އަރުފީނު ބަލާ ދަނީ، ފޯނަށް ގުޅީމަ ފޯނެއް ވެސް ނުނަގާ… ހެނދުނު ދިޔަ ކުއްޖާ އެއީ، އަދިވެސް ގެއަށް ނާދޭ، ނޭނގެ ރަނގަޅަށް ކައިގެން ކަމެއް އެ އުޅެނީ” ރޭގަނޑުގެ ކެއުން ކާމޭޒުމަތީ އަތުރާލުމަށް ތައްޔާރުވެލި އާތިޤާ އެތަނުގައި ހުރި އުނައިސްއާ ވާހަކަދައްކަން ފެށިއެވެ.

“ދައްތައަށް ނޭނގޭތަ؟ އަރުފީނު އެބައުޅޭ… ދެންމެ އަންނަމުން އެ ކޮޓަރީ ތަޅުގައި ހިފާލި އިރު ހުރީ ތަޅުލާފައި، އަޅުގަނޑު ވެސް ގޮވާލިން، އެކަމަކު ޚަބަރެއްނުވި”

“ވެދާނެ މާބުރަ ދުވަހަކީ ކަމަށް، އެހެންވެ ނިދުނީހެން ހީވަނީ”

“އަޅުގަނޑު ދަނީ”

އާތިޤާ އިތުރަށް އެއްޗެއް ނުބުނުމުން އުނައިސް ދަނީކަމުގައި ބުނެ ބަދިގެ ފަރާތުން ނިކުމެގެން އައިސް ބޮޑުކޮޓަރީގެ ސޯފާގައި އިށީންނަން އުޅުނެވެ. އެތަނުގައި ޙައިދަރު އާއި ލުތުފީ ޓީވީ ބަލަން ތިއްބެވެ. ލުތުފީގެ ފޯނު ހިފައިގެން ވަކިން ހުރި ގޮނޑީގެ ތެރެއަށް ވެއްޓިގަނެގެން އުޒައިރު އޮތެވެ. ކޮއްކޮއަށް އުނދަގުލެއްކޮށްލާފައި ނޫނީ އުނައިސްއަށް އިށީނދެވުނު ކަމަކަށް ނުވިއެވެ. ހަމައެއާއެކު އުނައިސްއާ ހެދި އުނދަގޫވެގެން ލުތުފީއަށް އުޒައިރު ގޮވާލިއެވެ. އެހިނދު ސަކަރާތްހުއްޓާލުމަށް ލުތުފީ އެންގީ އުނައިސްއަށެވެ.

ކާގަނޑި ނިމިގެން ރުހައިލުއާ ވާހަކަދައްކަން އުޅެއުޅެ އެކަމެއް ޝާރުދާއަށް ކާމިޔާބުވާގޮތެއް ނުވިއެވެ. ރުހައިލު ކެއީ ވެސް ވަރަށް މަދުންނެވެ. އޭނާ އޮފީހުގެ ކަމަކު ބޭރަށް ދާންޖެހޭ ކަމުގައި ބުނެ އަވަހަށް ނިކުންނަން ހިނގައިގަތެވެ.

“މަންމާ، މުހިއްމުކަމެއްޖެހިއްޖެއްޔާ އަޅުގަނޑަށް ގުޅާލާ، މިރޭ އެހާ ލަހެއްނުވާނެ، ތަންކޮޅެއް ކުރިން އާދެވޭނެ” ކާކޮޓަރީގެ ބޮޑުދޮރުން ނުނިކުމެވެނީސް ރުހައިލު އެނބުރި ޝާރުދާއަށް ބުނެލިއެވެ. ހިތްހަމަނުޖެހިފައި އިން ޝާރުދާ އަނގައިން ނުބުނުމުން ވެސް ރުހައިލު މަޑުކުރުމެއްނެތި ހިނގައްޖެއެވެ.

“ރުހައިލު ދެކެ ހިތްހަމަނުޖެހިފައި ދޯ ތިއިނީ، ދެން ތިހެން ނީނދޭ، އޮފީހުގައި ގިނަ ވަގުތު ހޭދަކުރުމަކީ އޭނާ ޔަލާ އާއި މެދު ނުވިސްނަނީކީ ނޫނޭ، ރުހައިލު ވަރަށް ލޯބިވޭ ޔަލާދެކެ، އެކުއްޖާއަކީ މިހާރު ރުހައިލުގެ ހުރިހާ ވެސް އުފަލަކީ، ޝާރުދާ މާބޮޑަށޭ ރުހައިލަށް ކަންތައްތަކަށް މަޖުބޫރު ތިކުރަނީ” މޭޒުގެ ކޮޅުގައި ކާންއިން މަލީކު ބުނެލިއެވެ.

“ދެން އެހެންވީރު މަލީކު އޭނާއަށް ވިސްނައިދީބަލަ، މިއަދު ވެސް އެ އޮތް ބޮޑު ނަސީބު ލެއްވީމާ، އެކުއްޖާއާ ބައްދަލުކޮށްލަން ވެސް ނައިވިއްޔާ…”

“މިހާރު ކާކުގެ ވާހަކަ ތި ދައްކަނީ” މަލީކު ހައިރާންވިއެވެ.

“އަރުފީނެއްނު، އެ ކުއްޖާ ޔަލާއަށް އެހީވާން އެއްބަސްވިކަން އެއީ ނަސީބެއް…”

“އަރުފީނޭ… މިގޭގައި ޝާރުދާ ކިޔަވަން ބެހެއްޓި ކުއްޖާތަ؟ އޭނާ ކޮންއިރަކު މިގެއަށް އައީ؟” ކުއްލިއަކަށް މަލީކުގެ މޫނުމަތީގެ ކުލަވަރު ބަދަލުވާންފެށިއެވެ.

“މަލީކު އޮފީހުން އައިރު ސޯފާގައި އިނީ އޭނާ، ބުނީމެއްނު ޔަލާގެ ކަންތައްތަކުގައި ވާހަކަދައްކާލަން ކުއްޖަކު ގެންނަ ވާހަކަ”

“ކީއްވެ އޭނާ ކައިރީ ޔަލާއަށް އެހީވާން އެދުނީ، އެހެން މީހަކު ނުވީތަ؟”

“އަރުފީނުގެ ގޮތް އަހަންނަށް ރަނގަޅަށް އެނގޭއިރު ކީއްކުރަން އެހެން މީހަކު ހޯދަނީ، އަނެއްކާ އެކުއްޖާ އެހެރީ ވަރަށް މޮޅަށް ކިޔަވައިގެން، ކުޑަކުދިންގެ ކަންކަން އޭނާއަށް އެނގޭ… އެހެންނޫނަސް މިހާރު އެއީ ކުރީގެ އަރުފީނެއްނޫން، އެޑިއުކޭޝަންގަ އިސްކޮށް މަސައްކަތްކުރުމުގެ އިތުރުން ޙާއްޞަ އެހީތަކަށް ބޭނުންވާ ކުދިންނަށް އެހީވުމުގައި އުޅޭ ޒިންމާދާރު ޒުވާނެއް، ވަރަށް އުފާވޭ އަރުފީނު ކިޔަވާ އެހާ މޮޅު މީހަކަށް މިއަދު ވެފައި ހުރިތަން ފެނުނީމަ… އަހަރެންގެ ޔަލާއަށް ހެޔޮބަދަލެއް ގެނެސްދެވޭނީ ހަމައެކަނި އަރުފީނަށް، އަހަރެން ވެސް ހިތްހަމަޖެހޭނެ އެ ކުއްޖާ ފެންނަންޏާ، މިހާރު މިގޭތެރެ ވެސް އެހާ ފަޅު”

“ކިހިނެއް އަރުފީނު ހޯދީ”

“އާސިޔާއަށް އެނގޭނެއެއްނު، އަރުފީނު މިގެއިން ދިޔައީ އޭނާގެ މައިންބަފައިން މާލެއަށް ދިރިއުޅުން ބަދަލުކުރީމަ، އޭރުއްސުރެ އެ ކުއްޖާ އުޅެނީ މާލޭގައި، އެހެންވީމަ ހޯދާކަށް އުނދަގުލެއްނުވާނެއެއްނު”

އިތުރަށް މަލީކު ވާހަކައެއް ނުދެއްކިއެވެ. އެހެންނަމަވެސް އޭނާ ދެބުމަ ކައިރިވެގެން ދިއުމާއެކު ތުންފަތަށް ގޮތެއް ހަދާލިއެވެ. ސައިބޮއެ ނިމިގެން މޭޒު ދޮށުން ތެދުވުމުގެ ކުރިން މަލީކު ފެންތަށި ބޮމުން ޝާރުދާއަށް ބަލާލިއެވެ.

“އަރުފީނު މިގެއަށް ގެނައުން އެއީ ރަނގަޅު ޚިޔާލެއް ނޫންހެން އަހަންނަށް ހީވަނީ، ރުހައިލު ވެސް އެހާ ހިތްހަމަޖެހޭނެ ހެނެއް ހިޔެއްނުވޭ”

“ރުހައިލުއާ ދެ ކުދިން އުޅުނީ ވަރަށް އެއްކޮށް، އެހެންވީމަ ހިޔެއްނުވޭ ހިތްހަމަނުޖެހިދާނެ ހެނެއް، ބޮޑަށް ހީވަނީ ޔަލާއަށް އެހީވަނީ އަރުފީނުކަން އެނގުމުން އޭނާ ޤަބޫލުހެންވާނީ، އެކަން ވެސް އެނގޭނީ އޭނާ މީހަކު ދައްކާ ވާހަކައެއް އަޑުއަހާނަމަތާ”

“ޝާރުދާ ތިއުޅެނީ އަލުން އަރުފީނު މިގޭގައި ބަހައްޓަންތަ”

“ބޭނުން ބަހައްޓަން، އެކަމަކު މިހާރު އެކުއްޖާއަށް ވެސް އުޅެވޭނޭ ގޮތް އެބައޮތް، އެހެންވީމަ އަހަރުމެންގެ ކައިރިއަށް ނާންނާނެއެއްނު، ތެދަށް ބުނަންޏާ އަހަރެން ބުނީމަ ނުކޮށްދީ ނުކެރިގެން ހެން ހީވަނީ އެއްބަސްވީ މިގެއަށް އަންނަން، ކޮންމެއަކަސް އަރުފީނު އެހާ ގަޔާވާހެނެއް ހިޔެއްނުވޭ މިގެއާ މެދު… ދެން އެވާހަކަ ބަހައްޓާ، ދުވަސްކޮޅަކަށް ވިޔަސް އަރުފީނު އަންނާނެތީ އަހަރެން ހިތްހަމަޖެހޭ، ރުހައިލު ވެސް ހީވޭ ހަމައަކަށް އެޅިދާނެހެން”

“ދުވަސްކޮޅަކަށޭ، އެއީ ކިހާ ދުވަހަކަށް…”

“ޔަލާއަށް ވާގޮތެއް ބަލާފައެއްނު އެނގޭނީ”

މަލީކު “ހޫން!” ލައްވާލާފައި މޭޒު ދޮށުން ތެދުވެގެން ދިޔައެވެ. ކޮންމެވެސް ވަރެއްގެ ހައިރާންކަމަކާއެކު މަލީކު ނުކުމެގެން ދިޔަ ދިމާއަށް ޝާރުދާ ނަޒަރު ހުއްޓާލައިގެން އިނެވެ. ސިކުނޑިތެރޭގައި މީގެ ކުރިން ނުއުފެދޭ ސުވާލެއް ކުއްލިއަކަށް އެނބުރެން ފެށިއެވެ. މޭޒުގައި ވިއްދާލި އަތްތިލައިގައި ދަތްދޮޅި އަޅުވާލައިގެން ވިސްނުމަކަށް ގެއްލިފައި އިން ޝާރުދާ އިނެވެ.

“އަރުފީނު މިގެއަށް ގެންނަން މަލީކު ހިތްހަމަނުޖެހެނީބާ؟ ކުރިން އެހާ ސުވާލު ގިނައެއް ނުކުރާނެ، ކިހިނެއްވީބާ؟ އަރުފީނަކީ ވިޔާނުދާ ކުއްޖެއްނޫން…” ވިސްނުމުގެ ތެރެއަށް ގެއްލި އިނދެ އަމިއްލަ ނަފްސާ ޝާރުދާ ވާހަކަދެއްކިއެވެ.

ޙައިދަރު ދެވަނަ ފަހަރަށް އާތިޤާގެ ގާތުން އަރުފީނު ކޮބާތީ އަހާލިއެވެ. އެއާއެކު އުނައިސް ފުންމައިގެން ތެދުވެ އަރުފީނު ގޮވައިގެން އެބަ އަންނަން ކަމުގައި ބުނެ ސިޑިއާ ދިމާއަށް ހިނގައިގަތެވެ. ރޭގަނޑުގެ ކެއުމަށްފަހު ޢާއިލާގެ ހުރިހާ މެންބަރުން އެކުގައި ބޮޑުކޮޓަރީގައި ވަގުތު ހޭދަ ކުރުމަކީ ކޮންމެ ރެއެއްގެ ވެސް އާދައެކެވެ.

ދޮރުގައި ޓަކި ދެމުން ދިޔަ އުނައިސް ހުއްޓާނުލާނެހެން ހީވޭ އަރުފީނު އައިސް ދޮރު ހުޅުވިއެވެ. ކުޑަކޮށް އިސްޖަހާލައިގެން ހުރެ އަރުފީނު ވާހަކަދެއްކިއެވެ. އޭރު ވެސް އޭނާ ހުރީ ހެނދުނު އޮފީހަށް ދިއުމަށް ލީ ހެދުމުގައެވެ. އުނައިސްއަށް ވަގުތުން ކަމެއް ގޯސްވެއްޖެހެން ހީވިއެވެ. ކުއްލިއަކަށް އަރުފީނުގެ ދަތްދޮޅީގައި ހިފާ އޭނާގެ މޫނު އުފުލާލިއެވެ. އެއާއެކު އަރުފީނު ރޮއެފައި ހުރިކަން އުނައިސްއަށް ސިއްރެއްނުވިއެވެ. އަވަސްއަވަހަށް އަރުފީނުގެ އަތުގައި ހިފާ ކޮޓަރިތެރެއަށް ވެއްދުމާއެކު އުނައިސް ވާހަކަދައްކަން ފެށިއެވެ.

“އަރުފީއަށް ކިހިނެއްވެފައި ތިހުރީ”

އަރުފީނު އެއްވެސް އެއްޗެއް ނުބުނެ އައިސް އެނދުގައި އިށީނެވެ. ކުރިން ވެސް އަރުފީނު އެހެން އުޅުނުތަން އުނައިސްއަށް ހުރީ ފެނިފައެވެ. ޚިޔާލުތަކުގެ ތެރެއަށް އަބަދުމެ ގެއްލިފައި އަރުފީނު އިނދެއެވެ. ދުނިޔެމަތީގައިވާ އެއްވެސް ކަމަކަށް އޭނާގެ ފަރުވާލެއް ނެތްހެނެވެ. އެކަމަކު އަރުފީނު ކިޔަވައިގެން އައިއިރު އެ ދުވަސްތައް މާޒީވެ ހިނގައްޖެކަމުގައި އުނައިސްއަށް ވެސް ޤަބޫލުކުރެވުނީ އަރުފީނު ހަމަޖެހިފައި ހުރިވަރުންނެވެ.

“އަރުފީ ރޯނީ އެންމެ ސަބަބަކާ ހުރެކަން އަހަންނަށް އެނގޭ، ސޯ ޕްލީޒް… ކިޔައިދީބަލަ” އުނައިސް އައިސް އަރުފީނުގެ ގާތުގައި އެނދުގައި އިށީނެވެ. އެއާއެކު އަރުފީނު މަޑުމަޑުން އުނައިސްގެ ކޮނޑުގައި ބޯއަޅާލިއެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އޭނާ ވާހަކަދައްކަން ފެށިއެވެ. ކަންތައްވީގޮތް އެނގުމުން އުނައިސް ވެސް މާޔޫސްވާގޮތްވިއެވެ.

“އަރުފީ ކީއްކުރަން އާނއެކޭ ބުނީ، އެހެންމީހަކު ފޮނުވިނަމަ” އުނައިސް ބުނެލިއެވެ. އެއާއެކު ޝާރުދާގެ ގޮތް އަރުފީނު ކިޔައިދިނެވެ. ޝާރުދާގެ ހިތް ސާފުކަމެވެ.

“ދެން ހިނގާ އެއްޗެއް ކާން، ތިރީގައި ދައްތަ އާއި ބޭބެ އެބަތިބި އަރުފީގެ ވާހަކަދައްކަން، ތިހެން އުޅުނީމަ އެނގެއެއްނު އެމީހުން ސުވާލުކުރާނޭކަން”

“އަހަރެން ކާހިތެއްނެތް”

“ކާހިތްނެތަސް ކާންޖެހޭނެ، އެނދުގައި ރޯން އޮންނާކަށް މިހާރު ތީ ކުރީގެ އަރުފީނެއް ނޫން، ގާލް، ޔޫ އަރ ސްޓްރޯންގ… އެހެންވީމަ ކެތްތެރިވޭ، އަރުފީ ރުހައިލުއާ ދުރުގައި ހުންނަން ބޭނުންވިޔަސް ފަހަރެއްގައި އެއީކީ ނޫންކަންނޭނގެ އެކަން ވާން އޮތް ގޮތަކީ، އެހެންނޫންނަމަ އެހާ ދުވަސްފަހުން ތި ދެމީހުން ބައްދަލެއްނުވީސް، ދެން ތިހެން ބޯގޮވާފައި ނީނދެ ހިނގާ…” އުނައިސް ތެދުވެ އަރުފީނުގެ އަތަށް ދަމާލިއެވެ.

“މިދަނީ ފްރެޝްވެލައިގެން”

“އަންނާތި، އެހެންނޫނީ ދެން އައިސްފަ ދާނީ އަރުފީނު އުރާލައިގެން ގޮވައިގެން” އުނައިސް މިހެން ބުނުމާއެކު ކުޑަކޮށް އަރުފީނު ހީނލިއެވެ. އެ ހިނިތުންވުމުން ވެސް އޭނާ ހަމައަކަށް އެޅިއްޖެކަމުގައި އުނައިސް ޤަބޫލުކުރިއެވެ. އަދި ހިނިއައިސްފައި ހުރެ އެ ކޮޓަރިން ނިކުތެވެ.

* * * *

ޝާރުދާމެންގެއަށް އަރުފީނު ދާންފެށީ ވަރަށް ތައްޔާރުވެގެންނެވެ. ފުރަތަމަ ދުވަހު އަރުފީނު އައިސް ޔަލާއާ ވާހަކަދައްކާ އެކުއްޖާއަށް ހުރި އުނދަގޫތަކަކީ ކޮބައިކަން ދެނެގަތެވެ. ޔަލާއަށް ބައެއް އަކުރު ކިޔަން އުނދަގޫވާތީ އޭނާ ބުނާއެއްޗެއް ބައެއް ފަހަރު ދެނެގަތުމަކީ ފަސޭހަކަމަކަށް ނުވެއެވެ. އެހެންވެ ޔަލާއަށް ނުކިޔާ އަކުރުތައް އަރުފީނު ފާހަގަކޮށް އޭނާގެ މަސައްކަތް ފެށިއެވެ. ކޮންމެ ދުވަހެއްގެ ހަވީރު ގަޑިއެއްހާއިރު ޔަލާއާއެކު އަރުފީނު ހޭދަކުރެއެވެ. އެހެންނަމަވެސް ޔަލާއަށް އެހީވުމަކީ އަރުފީނު ކުރާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއްކަމުގައި އޭނާ ނުދެކެއެވެ. އެއަށްވުރެ އަރުފީނު ދުށީ އަމިއްލަ ކަމެއްގެ ގޮތުގައަވެ. ޔަލާއަށް ނަގައިދޭން ޖެހޭ ސެޝަންތައް ނިންމާލާފައި އަރުފީނު ގެއަށް އަންނަން އުޅޭއިރަށް ޝާރުދާ ހިފަހައްޓާނެއެވެ. އޭނާއާއެކު ވެސް އަރުފީނަށް ވަގުތުކޮޅެއް ހޭދަކުރަންޖެހެއެވެ.

ހަފްތާއެއްހާ ދުވަސް ހޭދަވެގެން ދިޔައިރު ކޮންމެ ދުވަހު ރުހައިލު އޮފީސް ނިންމާފައި އަންނައިރު ޔަލާއަށް ކިޔަވައިދިނުމުގައި އަންހެންކުއްޖަކު އުޅޭތަން ފެނެއެވެ. އެހެންނަމަވެސް ކާމޭޒުދޮށުގައި ފުރަގަސްދީގެން އިންނާތީ އެއީ ކާކުކަމެއް ރުހައިލަކަށް ނޭނގެއެވެ. ބެލުމުގެ ޝައުގުވެރިކަން ވެސް ނެތީއެވެ. އެގޮތުން އޮފީސް ނިންމާފައި ރުހައިލު ގެއަށް އައި ދުވަހެކެވެ. ކާކޮޓަރިތެރެއިން ކުޑަކުޑަ ޔަލާ ހޭއަޑުއިވިގެން ލިފްޓަށް އެރުމުގެ ބަދަލުގައި އިހަށް އޭނާ އައިސް ހުއްޓުލީ ކާކޮޓަރީގެ ދޮރުމަތީއެވެ. އޭރު އަރުފީނު އިނދެގެން ރާ ކިޔާނޭ އަޑު ލައްވަމުން ދިޔައެވެ. ޔަލާ ހެނީ އެކަމާއެވެ. ދޮރުމަތީ ހުރި ރުހައިލުގެ ގާތަށް ވެސް ކުޑަކޮށް ހިނިއަންނަ ގޮތްވިއެވެ. އަރުފީނު އަޑުލައްވާލުމުން ޔަލާ ވެސް އަޑުލެއްވޭތޯ އުޅެއެވެ. ފުރަތަމަ ފަހަރަށް ޔަލާ އެހާ މަޖާވެފައި އިންދާ ފެނުމުން ރުހައިލުގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ. އެހެންހުއްޓާ ފަހަތުން ޝާރުދާ އައިސް ރުހައިލުގެ އަތުގައި ފިރުމާލިއެވެ. އެއާއެކު ވަގުތުން ރުހައިލު އެނބުރި ހިނގައިގަތީ ލިފްޓާ ދިމާއަށެވެ.

“ރުހައިލު، މަޑުކޮށްބަލަ… ޔަލާއަށް ބަދަލުތަކެއް އެބައާދެއެއްނު، އެކުއްޖާ މަޑުމަޑުން ބަސްތައް ކިޔަން މަސައްކަތްކުރޭ، ނުބައިކޮށް ކިޔެންޏާ ވެސް މިހާރު ބުނޭ ޔާއްކޮއަށް އެ ކިޔުނީ ނުބައިކޮށޭ”

“މަންމަ ތިކުރައްވާ ކަންތަކަށް ހުރަސް އަޅާކަށް އަޅުގަނޑު ނެތިން” ރުހައިލު ވެސް ހިތްހަމަޖެހޭކަން ޝާރުދާއަށް އެނގުނެވެ. އެހެންނަމަވެސް އޭނާ އިތުރަށް އެއްޗެއް ބުނަންދެން ރުހައިލު މަޑެއް ނުކުރިއެވެ.

ރޭގަނޑު ނިދަން އެނދަށް އެރުމަށްފަހު ވެސް އެކުއްޖާގެ އަނގަމަޑެއްނުވެއެވެ. ޔަލާގެ މަގަތުން އިށީނދެލައިގެން އިން ރުހައިލުގެ ގާތުގައި މުޅިން ޔަލާ ދައްކަމުން ދިޔައީ އަރުފީނުގެ ވާހަކައެވެ. ކަނުލާ ދަރިފުޅުގެ ވާހަކަ އަޑުއަހަން އިންކަމުގައި ވިޔަސް އެ ދަރިފުޅުގެ ދައްކާ ވާހަކަ ހަޤީޤަތުގައި ރުހައިލަށް ނޭނގޭ ކަހަލައެވެ.

“ޑެޑީ، ޔާއްކޮ ބޭނުން އަފީ ދައްތަ ހެއަރ… ލޯންގ ލޯންގ ހެއަރއެއް…” ޔަލާ އޮވެފައި ބުނެލިއެވެ.

“އަފީތަ ކިޔަނީ އެ ދައްތައަށް”

“ނޫން… އަފީ…”

“ޑެޑީ ވެސް މި އެހީ އެހެއްނު، އަފީއެއް ނޫންތަ ކިޔަނީ”

“ނޯ ޑެޑީ… ހެހެހެ… އަފީ ކިޔަނީ”

ޔަލާ ހޭންފެށީ ރުހައިލަށް ކިޔަން ނޭނގެނީއޭ ހިތާއެވެ. ޔަލާ ހިތުން އޭނާ ކިޔަނީ އަރްފީއެވެ. އޭނާއަށް ރާއަކުރު ނުކިޔޭތީ އެ އަކުރުގެ އަޑު ނުކުންނަނީ ވަރަށް ވެސް މަޑުންނެވެ. އެހެންވެ ރުހައިލަށް ވެސް ހީވަނީ ޔަލާ އެ ކިޔަނީ އަފީ ކަމުގައެވެ. އެންމެ ފަހުން ރުހައިލު، ޔަލާގެ ބަނޑުގައި ކޮއްޓާލުމާއެކު އަވަހަށް ނިދަން ބުންޏެވެ. ދެ ބަފައިން ހީނހީނފައި ރުހައިލު ވެސް އަރާ ޔަލާގެ ގާތުގައި އޮށޯވެލިއެވެ. ދުވަސްތަކަކަށް ފަހު ދަރިފުޅާއެކު ހީނލުމުން އޭނާގެ ސިކުނޑިއަށް ލުއިވެގެން ދިޔަހެން ހީވިއެވެ. ކޮންމެވެސް ޚިޔާލަކަށް ގެއްލިފައި އޮތްހެން އޮވެ ދޭތެރެއަކުން ރުހައިލު ހިނިތުންވެލައެވެ.

ޖެހިގެން އައި ހުކުރު ދުވަހު ޔަލާއަށް ޗުއްޓީއެއް ދީފައި ހޮނިހިރު ދުވަހު އަރުފީނު އެގެއަށް އައެވެ. މިހާރު ޔަލާ ވެސް ހުންނަނީ އަރުފީނު ނައިސްގެންނެވެ. ޔަލާއަށް ވަރަށް ކަމުދާ މީހަކަށް އަރުފީނު ވެގެން ދިޔައެވެ. ޔަލާގެ ހުރިހާ ވާހަކައެއް އަރުފީނު އަޑުއެހުމާއެކު އޭނާއަށް ޖަވާބުދެއެވެ. އޭނާގެ ވާހަކަތައް އެނގޭ ހަމައެކަނި މީހަކީ އަރުފީނު ކަހަލައެވެ. އެތައް ފަހަރަކު އަރުފީނަށް ޔަލާ ބުނި އެއްޗެއް އޮޅުން ފިލުވައިދޭކަށް ނުޖެހެއެވެ. އެހެންވެ އެ ދެމެދުގައި ވާހަކަ ދެއްކުން ޔަލާއަށް ފަސޭހަވިއެވެ.

އަރުފީނު އައިސް ވަނުމާއެކު ޝާރުދާ އިޝާރާތްކޮށްލީ ކާކޮޓަރިއަށެވެ. ޔަލާ އެތަނުގައި އިންކަމެވެ.

“އަރުފީނު އަންނަންވާއިރަށް މިއަދު އެބައިން ކުރީބައި ގޮސް ތައްޔާރުވެގެން، އޭނާގެ ބުދުތައް ވެސް އެބަހުރި ގޮނޑިތަކުގައި އަތުރާލާފައި، ޔާއްކޮ ކިޔަވާއިރު އެ ކުދިން ވެސް ކިޔަވަންވާނެއޯ ކިޔާފައި، އަރުފީނާ އެކުދިން ފްރެންޑުކޮށްދޭން ށޯ…” ޝާރުދާ ހިނިއައިސްފައި ހުރި ވަރުން އޭނާގެ ދަތްތައް ފެންނަން ހުއްޓެވެ.

ޝާރުދާއަށް ހީނލާފައި އަރުފީނު އައިސް ކާކޮޓަރިއަށް ވަނެވެ. ޔަލާއަށް އަރުފީނު ފެނުމާއެކު ގޮނޑިން ފުންމާލައިގެން އައިސް އަރުފީނުގެ ފައިކޮޅުގައި ބައްދާލިއެވެ. އަދި އަވަސް އަރުވާލާފައި ވާހަކަދައްކަން ފެށިއެވެ. މޭޒުމަތީ ދަބަސް ބަހައްޓާފައި އަރުފީނު އެނބުރި ޔަލާއަށް ބަލާލިއެވެ. އޭނާ އަތުން އިޝާރާތްކޮށްލީ ލަސްލަހުން ވާހަކަދައްކާށޭ ބުނާ ފަދައިންނެވެ. ޔަލާ ތުއިގޮތަކަށް އަނގަމަތީ ދެއަތްއަޅާލާފައި ހީނލިއެވެ. އަދި ލަސްލަހުން ވާހަކަދައްކަން ފެށިއެވެ. އެވަގުތު އަރުފީނުގެ ލޮލުގައި އަޅައިގަތީ އިރުއިރުކޮޅާ ޔަލާގެ އަތްމައްޗަށް ހިއްލާލާ ގޮތެވެ. އޭނާގެ އަތައްވުރެ ބޮޑު ޗޭނުކޮޅެއް އަޅައިގެން ހުރެ އޭތި ވެއްޓުނަ ނުދޭންވެގެން އިރުއިރުކޮޅާ އަތްމައްޗަށް ހިއްލާލަނީއެވެ.

“ޔާއްކޮ، އާދެބަލަ… މީ ކޮންކުއްޖެއްގެ އެއްޗެއް” ޔަލާ ކައިރިއަށް އައުމުން އަރުފީނު އޭނާގެ އަތުގައި ހިފާލަމުން ބަލާލިއެވެ.

“ޑެޑީގެ، ޔާއްކޮ އަލާލަން ނެގީ… ޑެޑީއަށް ދޭނަމޭ…”

“އަރްފީ ދައްތަ އަތުގައި ބާއްވަންތަ؟… މީތިކޮޅު ޔާއްކޮއަތަށްވުރެ މާ ބޮޑެއްނު ދޯ”

ނިކަން ފަސޭހައިން ޔަލާ އޭނާގެ އަތުގައި އަޅައިގެން އުޅުނު ޗޭނުކޮޅު ނަގާފައި އަރުފީނަށް ދިނެވެ. އެއާއެކު އަތުގައި އޮތް ޗޭނުކޮޅަށް ވަރަށް ރަނގަޅަށް އަރުފީނު ބަލަންފެށިއެވެ. އެއީ އޭނާގެ އަތުން ރުހައިލަށް ދިން އުފަންދުވަހުގެ ހަދިޔާއެވެ. ކުލަ ބަދަލުވެފައިވާއިރު ވެސް ރުހައިލު އޭތިކޮޅު ގެންގުޅޭކަން އެނގުމުން އަރުފީނަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބިގެންދިޔައެވެ. ރުހައިލު އޭނާގެ މަތީން ހަނދާން ނައްތާނުލާކަމުގެ ހެއްކަކަށް އެ ޗޭނުކޮޅު އަރުފީނަށް ފުދުނެވެ. ތުންފަތަށް ވެރިވި ހިނިތުންވުމާއެކު މުށުތެރޭ އެ ޗޭނުކޮޅު ފޮރުވާލިއެވެ.

“ޔަލާ… ޔާއްކޮ… ޔާއްކޮ…” ރުހައިލުގެ އަޑު އިވުމާއެކު އަރުފީނު އަވަސް އަވަހަށް ކާކޮޓަރި ދޮރާ ފުރަގަސްވާހެން އެނބުރިލިއެވެ.

“ޔާއްކޮ، ކޮބާ ޑެޑީގެ އަތުގައި އަޅާ ޗޭނުކޮޅު…. ޑެޑީ ވެސް ޔާއްކޮގެ އެއްޗެހީގެ އަތްނުލަމެއްނު، މިއަދު ދާނީ އޮފީސްކުދިންނަށް ޔާއްކޮގެ ހުރިހާ ކުޅޭއެއްޗެހި ހިފައިގެން…”

“ނޯ… ނޯ… ނޯ…. ޑެޑީ…” ޔަލާ ވަރަށް ކަންބޮޑުވިއެވެ. އޭނާ އައިސް އަރުފީނުގެ އަތަށް ދަމަންފެށިއެވެ. ހައިރާންވެފައި ރުހައިލު ބަލަންހުއްޓެވެ. ފުންނޭވާއެއް ބޭރުކޮށްލާފައި ޔަލާގެ ކޮލުގައި އަތްޖައްސާލަމުން އަރުފީނު އެނބުރުނެވެ. ރުހައިލަށް ލިބުނު ސިހުމާއެކު ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އަރުފީނު ހިނިތުންވެލިއެވެ. އަދި މަޑުމަޑުން އައިސް ރުހައިލުގެ އަތް ހިއްލާލުމާއެކު އޭނާގެ އަތުގައި ޗޭނުކޮޅު އަޅުވައިދޭން އުޅުނެވެ.

ދެ ލޯ ބޮޑުކޮށްލައިގެން ހުރުމާއެކު ރުހައިލު އަވަސްއަވަހަށް އަރުފީނުގެ އަތުގެ ތެރެއިން އަތްދަމައިގަތެވެ. ހީވީ ކަރަންޓު ޝޮކެއް އޭނާގެ ގަޔަށް އައީ ހެންނެވެ. އެހިނދު އަރުފީނު އަޅުވައިދޭން އުޅުނު ޗޭނުކޮޅު ނޭޅުވިގެން އުޅެނިކޮށް ވެއްޓުނެވެ. ރުހައިލު އެވަރަށް ސިހިދާނެކަމަކަށް އަރުފީނު ކުޑަކޮށް ވެސް ހީނުކުރެއެވެ. އޭނާ ހިނިތުންވުމެއް ނުދިންތާ އަވަސް އަވަހަށް ވެއްޓުނު ޗޭނުކޮޅު ހިފައިގެން ގޮސް އަރުފީނުގެ ލޯމައްޗަށް ގެއްލިއްޖެއެވެ.

“ކޮންކަމާ ރުހައިލު އަޑުގަދަ ކޮށްލާފައި އެ ދިޔައީ، ރުޅި އައިސްގެންތަ އެ ދިޔައީ….” މާ ހަލުވިކޮށް ގެއިން ނިކުމެގެން ރުހައިލު ދިޔަތަން ފެނި ކާކޮޓަރިއާ ދިމާއަށް އައި ޝާރުދާ އެހީ އަރުފީނުގެ ގާތުންނެވެ.

“އެއީ… ޔަލާ… ޔަލާ، ރުހައިލު ގެންގުޅޭ އެއްޗެއް ނަގައިގެން…” އަރުފީނަށް ހަމަޖެހެން ވަގުތު ބޭނުންވިއެވެ.

“ޔާއްކޮ އަތުގަ އަލާލަންށޭ ނެގީ” ދެރަވެފައި ހުރި ޔަލާ އައިސް ޝާރުދާގެ ކުރިމަތީ ހުއްޓެމުން ބުނެލިއެވެ. އަދި ޝަކުވާކޮށްލީ ރުހައިލު އޭނާގެ ކުޅޭ އެއްޗެހިތައް ގެންދާނަމޭ ބުނީމަ އެކަމާއެވެ.

ދުވެފައި ކަހަލަ ގޮތަކަށް ގޭޓުން ނިކުތް ގޮތަށް ފާރުގައި ރުހައިލު ލެނގިލީ ފުންނޭވާއެއް ލަމުންނެވެ. ނިތްކުރީގައި އެއްއަތުން ހިފަހައްޓާލާފައި އަތްތިރިކޮށްލަމުން އަނެއްއަތުގެ މުށުތެރޭގައި އޮތް ޗޭނުކޮޅަށް ބަލާލިއެވެ. ހީވަނީ އޭނާއަށް ފެނުނީ އަރުފީނު ކަމާމެދު ޔަޤީން ނުވެފައި ހުރި ހެނެވެ. ބޮލުގައި އަތްފުނާ އަޅާލުމާއެކު ދެފަރާތަށް ބޯހޫރާލިއެވެ. ހަދާނެގޮތެއް ނޭނގިފައި ހުރި މީހަކު ފަދައިން ކުރިއަށް ޖެހިލާ މަގުގެ ދެފަރާތަށް ބަލާލީ ދާނޭ ކޮޅެއް ކަނޑައަޅަން ނޭނގިފައި ހުރެއެވެ. ކުއްލިއަކަށް މުޅި މީހާގެ ޠަބީޢަތް ބަދަލުވިއެވެ. ކުރަން އުޅުނު ކަންތައް ވެސް ހަނދާންނެތުނު ކަހަލައެވެ. ވަކި ކޮޅެއް ނުބަލާ އެނބުރުނު ގޮތަށް ރުހައިލު ހިނގައިގަނެއްޖެއެވެ. ހިނގަމުން ހިނގަމުން ވަކި ހިސާބަކަށް ދެވުނު ތަނާހެން ރުހައިލުގެ ފޯނު ރިންގުވާންފެށިއެވެ. ހާސްވެފައި ހުރެ ޖިންސުގެ ޖީބުން ފޯނު ނަގާ ބަލާލިއެވެ. ފަރުހާނުއާ ބައްދަލުކުރަން ބުނެފައި އޮތްކަން ކުއްލިއަކަށް ހަނދާނަށް އައީ ދެނެވެ. ހިނގުން މަޑުކޮށްލުމާއެކު ހުރެވުނު ހިސާބަށް ނަޒަރު ހިންގާލިއެވެ. އަދި ފޯނު ނަގާ ކަންފަތުގައި ޖަހާލަމުން ފަރުހާނާ ވާހަކަދައްކަން ފެށިއެވެ.

“ކޮބާ؟ އަންނަން ބުނި ފަހުން ގަޑިއެއްގެ އިރުވަނީ… އަނެއްކާ ގޭގެ ކަމެއްގައި ބިޒީވީތަ؟” ފަރުހާނު އަހާލިއެވެ.

“އަހަރެން މިހިރީ މަގުމަތީގައި…” ރުހައިލު އޭނާ ހުރި ހިސާބު ފަރުހާނަށް އޮޅުން ފިލުވައިދިނެވެ. އަދި އޭނާ ބަލާއައުމަށް ބުނެފައި ފޯނުކޯލު ކަނޑާލިއެވެ.

މަގުގެ ކަންމައްޗެއްގައި ރުހައިލު މަޑުކޮށްލައިގެން ހުއްޓާ ސައިކަލުގައި އައި ފަރުހާނު ދުވާރާ ސައިކަލު ކައިރިކޮށްލިއެވެ. އެހެންޏާ ނުފެންނަ ހާސްކަމެއް ރުހައިލުގެ މޫނުމަތިން ފަރުހާނަށް ފެނިގެންދިޔައެވެ. ދެ ޒުވާނުންގެ މަންޒިލަކަށްވީ އާންމުކޮށް އެމީހުން ވާހަކަދައްކާލާ މަޝްވަރާކޮށްލުމަށް އަރާ ރެސްޓޯރެންޓެވެ. އެތަނުގެ ހާމަކޮށް ހަދާފައި ހުންނަ ބަޔަށް އަރާ އެއްފަރާތު ކަނެއްގައި ހުރި މޭޒުގެ ދޮށުގައި ދެމީހުން އިށީނެވެ. އާދައިގެ މަތީން އޯޑަރ ކުރާ ކޮފީއަށް ވެއިޓަރުގެ ގާތުން އެދިފައި ފަރުހާނު އޭނާގެ ނަޒަރު ރުހައިލަށް ހުއްޓާލިއެވެ. އަވަސް އަވަހަށް ސިނގިރޭޓެއް ނަގާ ރޯކޮށްލުމާއެކު ރުހައިލު އިނީ ދުރަށް ކަޅިހުއްޓާލައިގެންނެވެ.

“ކިހިނެއްވީ؟” ރުހައިލަށް ބަލަން އިރުކޮޅަކު އިނދެފައި ފަރުހާނު އަހާލިއެވެ.

“ކީކޭ؟…” ރުހައިލުގެ ސަމާލުކަން ފަރުހާނަށް ލިބުނީ ދެނެވެ.

“މިބުނީ ކިހިނެއްވެފައިހޭ ތި އިނީ”

“ކަމެއްނުވޭ…”

“ކަމެއްނުވެއޭ ބުންޏަސް ޤަބޫލުކުރަން ވަރަށް ދަތި، ރުހައިލުއާއެކު އުޅެންފެށި ފަހުން އަހަންނަށް ތީ ކޮންކަހަލަ މީހެއްކަން ކޮންމެވެސް ވަރަކަށް އެނގޭ، އެހެންނޫނަސް ރުހައިލު ދަސްކުރާކަށް އެހާ އުނދަގުލެއްނުވާނެ ކަންނޭނގެ އެކަކަށް ވެސް…. ތީ ބަސްމަދު މީހެއް، އެކަމަކު ވަރަށް ކަންކަމާ ވިސްނާކަން އަހަންނަށް އެނގޭ، ވަރަށް ގިނައިން އިންނާނެ ކޮންމެވެސް ޚިޔާލަކަށް ގެއްލިފައި އިންނަހެން… މިކަހަލަ ކިތައް ކޮފީ މޭޒަށް އަހަރުމެން ދެމީހުންނަށް އެރިއްޖެ، މިރޭ ހާސްވެފައި އިން ކަހަލަ ގޮތަކަށް މީގެ ކުރިން ނުދެކެން…”

“އަހަރެން ކޮފީއަށް ފަރުހާނު ގޮވައިގެން އަންނާތީ އުނދަގޫވޭތަ؟”

“ނޫން! ތި ބުނި އެއްޗެއް ނުވިސްނުނު، އެހެންނޫނަސް އަހަރެން މިދެއްކި ވާހަކައާ އޮތީ ކޮންގުޅުމެއް”

“ފަރުހާނުގެ އަމިއްލަ ދިރިއުޅުމުގައި ވެސް ހުންނާނެއެއްނު ކުރަން ބޭނުންވާ ކަންކަން، އަދި ތިހިރީ މީހަކާ ވެސް ނީނދެ، އެހެންވީމަ ބިޓު ގޮވައިގެން ދުއްވަންދިއުމާ… ޑޭޓްތަކަށް ދިއުން އޮންނާނެއެއްނު”

“އަހަރެން ހިތަށް އެރި ދުވަހަކު ވެސް ރުހައިލު އަހަރެންގެ ޕަރސަނަލް ލައިފްއާ ބެހޭގޮތުން ނާހާނެއޭ… އެކަމަކު އެންމެފަހުން އެވަގުތު ވެސް ޖެހިއްޖެ…”

“ފަރުހާނު ބުނަން ބޭނުންނުވަންޏާ ނުބުންޏަސް އެންމެ ރަނގަޅު، އަސްލު ކުރިން އެކަހަލަ ވާހަކައެއް ނާހަނީ އަހަރެންގެ އަމިއްލަ ކަންތައްތަކުގެ ވާހަކަ އެހެން މީހުންނަށް ކިޔައިދޭން ބޭނުންނުވާތީ، އެހެންމީހުންގެ ދިރިއުޅުމާމެދު ސުވާލުކުރާނަމަ އަހަރެންގެ ދިރިއުޅުމާ ބެހޭ ގޮތުން ވެސް އެނގެން ބޭނުންވެދާނެއޭ ހިތަށް އަރާތީވެ…”

“އަހަރެންގެ ހަޔާތުގެ ވާހަކަ ކިޔައިދެވޭނީ އަހަރެން ގާތު އެހީމަތާ، އެކަމަކު އޭގެ މާނައަކީ އަހަރެން ރުހައިލުގެ ދިރިއުޅުން އެނގެން ބޭނުންވާނެއެކޭ ނޫން، ތެދަށް ބުނަންޏާ މަށަކީ އެހާ ކާމިޔާބު މީހެއްނޫން، މަންމަގެ ޢާއިލާ ކިތަންމެ ބޮޑުވެފައި ތަނަވަސްނަމަވެސް އެއީ ހަމަޖެހޭ ޢާއިލާއެކޭ ނުބުނެވޭނެ، އެހެންވެ ބޮޑުވަމުން އައީ އަބަދު ވެސް ވަކިން އުޅުމުގެ ވިސްނުމުގައި، ވަޒީފާއަށްދާން މަންމަ ނުރުހުނު ނަމަވެސް އަހަރެން އެގޮތް ޚިޔާރުކުރީ އަމިއްލަ މަސައްކަތުން މީހަކަށްވާން ބޭނުންވާތީ… ކިޔަވައިގެން އައިފަހުން ހަޔާތަށް ބައިވެރިއަކު ގެންނަން މަސައްކަތްކުރިން، ދެ ފަހަރުގެ މަތީން ވެސް ކާމިޔާބެއްނުވި، ވާގޮތަކީ އަހަންނާ ދިމާވާ ކުދިންނަށް އަހަންނަށްވުރެ ކުރިން އަހަރެންގެ ޢާއިލާ ފެންނަނީ… ދުއްވާ ކާރާ، އުޅޭ ގެ ފެންނަނީ… އެއީ އަދި އަހަރެން ބޭނުންވާ ކަހަލަ ހޮވުމެއްނޫން… އޭގެ ފަހުން މިހުންނަނީ ހުސްކޮށް، ބައިވެރިއަކު ހޯދާކަށް މަސައްކަތެއް ވެސް ނުކުރަން، ކަމުދާ ކަހަލަ ކުއްޖަކު ވެސް ނުފެނޭ… އަހަރެން ބޭނުންވަ ކަހަލަ ރަޙުމަތްތެރިއަކަށް ހަމައެކަނި ހުރި މީހަކީ ތީ، އެހެންވީމަ ކޮފީއަކަށް ދާން ގުޅާލާއިރަށް އަންނާނީ އުފަލުން، މިއައީ ވެސް ވައިވެގެން ކޭބަލްއިން ދައްކަމުންދިޔަ އިނގިރޭސި ފިލްމެއް ބަލަން އޮއްވެފައި”

“އަހަރެން ވެސް މިހާރު އެހާ ގޭގައި މަޑުކުރާހިތެއްނުވޭ، އެކަމަކު ދަރިފުޅާއެކު ވެސް ވަގުތު ހޭދަކުރަން ބޭނުން، ހުރިހާ ވެސް ކަމަކީ މަންމަމެން ކައިވެނީގެ ވާހަކަދައްކާތީ… އަހަރެން ކައިވެނިކުރަން….” ރުހައިލުގެ ވާހަކަ ހުއްޓާލުމުން އޭނާ ބުނަން އުޅޭ އެއްޗެއް އަޑުއެހުމުގެ ޝައުގުވެރިކަމުގައި އިން ފަރުހާނު ކެތްތެރިކަން ކުޑަވިއެވެ. މި ނޫނީ ރުހައިލު އޭނާގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް އެހާ ހާމަކަން ބޮޑުކޮށް ނުދައްކައެވެ. އެހެންޏާ ކޮފީއަށް އައިސް ފަރުހާނާ ވާހަކަދައްކާއިރު ހީވާނީ ޖަވާބުނޭނގޭ އަރަތެއް ހަދަން އުޅޭ ހެނެވެ. ބުނަންބޭނުންވަނީ ކީކޭކަމެއް ފަރުހާނަށް އެއްގޮތަކަށް ވެސް ނޭނގޭނެއެވެ. އެހެންވިޔަސް އޭނާ އަޑުއަހައެވެ.

“އެހެންވެތަ މިރޭ ތިހާ ހާސްވެފައި ތިއިނީ، އަނެއްކާ އިންނާނެ ކުއްޖަކު މަންމަ ގެއަށް ގެނައީތަ؟” ފަރުހާނު ބުނި އެއްޗަކުން ރުހައިލުގެ މޫނުމަތީން ކަންބޮޑުވުން ފާޅުވެގެން ދިޔައެވެ.

“ދުވަހަކު ވެސް ފެންނާނޭކަމަށް އުންމީދު ނުކުރާ މީހުން ފެނުމުން ބައެއްފަހަރު އެއީ އަވާމެންދުރެކޭ ވެސް ހީވޭ… މިރޭ އަހަރެން މި އިނީ އެ ފަދަ ހާލަތެއްގައި، ފެނުނީ އަވާމެންދުރެއްކަން ޔަޤީންކުރަން ނޭނގިފައި”

“ކައިރިއަށް ދާވަރަކަށް ދުރަށްދަންޏާ ތި ވާނީ އަވާމެންދުރަކަށް… އެކަމަކު ލޯ މަތީން ނުގެއްލި އަތްލެވޭހާ ގާތުން ފެންނަން ހުންނަ ކަމަށްވަންޏާ ލޯ ދޭ ކެއްސަކަށް ޔަޤީނުން ވެސް ނުވާނެ”

“ބިރުގަންނަނީ އެހެންވެ، ކައިރިއަށް ދިއުމުން ގެއްލި ދާނޭތީވެ” ފަޒާގެ ތެރެއަށް އަނގައިން ނެރުނު ދުންތައް ފޮނުވާލުމާއެކު ރުހައިލު ބުނެލިއެވެ. އަދި މޭޒުމަތީގައި ކުޑައިރުކޮޅެއް ކުރިން ވެއިޓަރު މީހާ ގެނެސް ބެހެއްޓި ކޮފީތަށިން އެތި ފޮދެއް ބޯލިއެވެ.

އިތުރަށް ރުހައިލު ވާހަކަދެއްކުމުގެ ބަދަލުގައި ފަރުހާނު ބުނި އެއްޗަކާމެދު އޭނާ ވިސްނިއެވެ. އެގޮތަށް އިރުކޮޅަކު އިނދެފައި އަތުކުރީ އޮތް ގަޑިއަށް ބަލާލިއެވެ. ހައެއްޖަހަން އުޅެނީއެވެ. ޔަލާގެ ސެޝަން ނިމި އަރުފީނު ހިނގައިދާނޭކަމުގައި ރުހައިލަށް ވިސްނުނީ ކަންނޭނގެއެވެ. އޭނާ އެއްކޯވަރުން ކޮފީތަށީގައި ބާކީބައި ބޯލިއެވެ.

“ފަރުހާން… ވަރަށް އަވަހަށް އަހަރެން ގެއަށް ގެންގޮސްދޭން ހިނގާބަލަ”

“ކޮންކަމެއް ނުކޮށް އާދެވުނުކަން ހަނދާންވެގެން ތިހާ އަވަސްތިކޮށްލީ” ރުހައިލުގެ ހަރަކާތްތައް ހުރިގޮތް ފެނިފައި ފަރުހާނު ބުނެލިއެވެ.

ކައުންޓަރު ކައިރިއަށް އައިސް ބިލަށް ފައިސާ ކަނޑާފައި ރުހައިލު އާއި ފަރުހާނާ ދެމީހުން ރެސްޓޯރެންޓުން ފައިބައިގެން އައިސް ޕާކިންޒޯނަށް ވެއްދި ފަރުހާނުގެ ސައިކަލަށް އެރިއެވެ. އެހާ އަވަހަށް ރުހައިލު ގެއަށް ދާން ބޭނުންވި ސަބަބެއް އޭނާ ފަރުހާނު ގާތު ނުބުނެއެވެ. އެކަމަކު އޭނާގެ ސިކުނޑީގައީ ކަމެއް ރާވާލާފައި ވާކަހަލައެވެ. ސައިކަލުގައި އިނދެ ކުރިން ޖީބަށްލީ ޗޭނުކޮޅު ނަގާ އަތުގައި އަޅާލިއެވެ.

“ތޭންކްސް… މާދަމާ އޮފީހުން ދިމާވާނެއެއްނު” ގޭ ކައިރިއަށް ފަރުހާނު ސައިކަލު މަޑުކޮށްލުމުން އޭގެން ފޭބި ރުހައިލު ބުނެލިއެވެ. އަދި ފަރުހާނުގެ ކޮނޑުގައި މަޑުމަޑުން ޖަހާލަމުން ހިނިތުންވެލާފައި ކުޑަކޮށް ހުޅުވާފައި ހުރި ގޭޓުން އެތެރެއަށް ވަދެގެން އައެވެ.

ޕޯޓިކޯގެ ސިޑިން އެރުމުގެ ކުރިން ޖިންސުގެ ދެ ޖީބަށް އަތްޖަހާލައިގެން ހުރި ރުހައިލު ފުންނޭވާއެއްލާ މީހާ ހަމަޖެހިލަން މަސައްކަތްކުރިއެވެ. އަދި ކުރިއަށް ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަންފެށިއެވެ. ލަސްލަހުންނެވެ. ފަރުވާތެރިކަމާއެކުއެވެ. ހީވަނީ ލިބިދާނެ ކުއްލި ސިހުމަކަށް މިފަހަރު ތައްޔާރުވެގެން ހުރި ހެނެވެ. ބޮޑުކޮޓަރިއަށް ވަންއިރު އެތަނުގައި މީހަކު ފެންނާކަށް ނެތެވެ. އެއާއެކު ރުހައިލުގެ މިސްރާބު ހުރީ ކާކޮޓަރިއަށެވެ ޔަޤީނުން ވެސް އެތަނުގައި ޔަލާއާއެކު އަރުފީނު އިންނާނެކަން އެނގޭތީއެވެ. އެހެންނަމަވެސް ކާކަކޮޓަރިއަށް ވަންއިރު އެތަނުގައި އުޅެނީ ވަރުޝާ އެކަންޏެވެ.

“ކޮބާ ޔަލާ”

“ޔަލާބޭބީ މަތީކޮޓަރިއަށް ދިޔައީ”

“އަރުފީނު އެބައުޅޭތަ؟” ދެ ޚިޔާލެއްގައި ހުރެފައި އެނބުރި ދާން އުޅެފައި ވެސް ރުހައިލު އަހާލިއެވެ. އެއާއެކު ވަރުޝާ ބޯޖަހާލިއެވެ.

ޔަލާގެ ކުޅޭއެއްޗެހިތައް ތިރިއަށް އަޅާލައިގެން މެޓުމަތީ ކުޅެން އިން އިރު އޭނާގެ ގާތުގައި އަރުފީނު އިށީނދެލައިގެން އިނެވެ. ހުއްޓާނުލާ ޔަލާ ވާހަކަދައްކަމުން ދިޔައިރު އަރުފީނު ވެސް ޔަލާއާ ވާހަކަދައްކައެވެ. ދޮރުމަތީގައި ރުހައިލު އައިސް ހުއްޓިލައިގެން ހުރި ކަމެއް އެކަކަށް ވެސް ނޭނގެއެވެ. ޔަލާ އޭނާގެ ބާބީތައް ގެނެސް އަރުފީނަށް ދައްކަމުން ދިޔައެވެ. ދޭތެރެއަކުން އަރުފީނުގެ ދިގު އިސްތަށިގަނޑު ވޫލުކޮޅަކުން އައްސާލާފައި ދޫކޮށްލާފައި އޮތްއިރު ގެނެސް އެއްފަރާތަށް ޔަލާ ލާދެއެވެ. އަނެއްބައި ފަހަރަށް ނިކަން ލޯބިން އިސްތަށިގަނޑުގައި ފިރުމާލައެވެ. އަދި އޭނާގެ ބާބީތަކުގެ ތެރެއިން އެންމެ ދިގު އިސްތަށިގަނޑެއް ހަރުކޮށްފައި ހުރި ބާބީ ނަގާ އޭގެ ބޮލުގައި ފުނާ އަޅާގޮތް އަރުފީނަށް ކިޔާދެއެވެ. އެ ހުރިހާ މަންޒަރެއް ރުހައިލު ބަލަން ހުރީ ޤަބޫލުނުކުރެވިފައެވެ.

އަރުފީނު ދާގަޑި ޖެހޭތީ ޔަލާގެ ގާތަށް އައި ޝާރުދާގެ ލޮލުގައި ޔަލާގެ ކޮޓަރި ދޮރުމަތީ ދެ ޖީބަށް އަތްޖަހާލައިގެން ކޮޓަރިތެރެއަށް ގެއްލިފައި ހުރި ރުހައިލު އަޅައިގަތެވެ. އެހިނދު ޝާރުދާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ހިނގުން ލަސްކޮށްލުމާއެކު ސިއްރުން ކަހަލަ ގޮތަކަށް އައިސް ރުހައިލުގެ ފަހަތުން މަޑުކޮށްލީ ކޮޓަރިތެރެ ފެންނަ ގޮތަށެވެ.

“އަރުފީންކަން ޤަބޫލުނުކުރެވިފައި ދޯ ތިހުންނަނީ” ސިއްރުން ޝާރުދާ ބުނެލިއެވެ. އެއަޑަށް ރުހައިލު ސިހުނެވެ. އަދި އަވަސްއަވަހަށް އޭނާގެ ނަޒަރު އަރުފީނާ ވަކިކޮށްލަމުން އެއްފަރާތަށް ޖެހިލިއެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުންޏެވެ.

ޔަލާއަށް ގޮވާލަމުން ޝާރުދާ އެތެރެއަށް ވަނެވެ. އޭނާގެ އަޑަށް ބަލާލި އަރުފީނަށް ދޮރުކައިރީ ހުރި ރުހައިލު ފެނުނެވެ. ދެމީހުންގެ ނަޒަރު ސީދާ ވުމާއެކު އެކަކަށް ވެސް ނަޒަރުވަކިކޮށްނުލެވުނެވެ. ޔަލާއަށް ރުހައިލު ފެނުމާއެކު އަވަސް އަވަހަށް ކުޅޭ އެއްޗެހިތައް ނަގާ ވަށިގަނޑުތަކަށާއި އެ އެއްޗެއް ހުންނަ ތަނަކަށް ލާންފެށިއެވެ. ފާރުކައިރީ ހުރި ސޯފާގައި އިށީން ޝާރުދާއަށް އަރުފީނާއި ރުހައިލަށް ވެފައި ތިބިގޮތް ނަގައިގަނެވުނީ ކަންނޭނގެއެވެ.

“އަރުފީނާ ބައްދަލުވި ފަހަރު ތިހެން ހުންނަނީތަ؟ ދޭބަލަ އަރުފީނު ގޮވައިގެން ދެ ކުދިން ވާހަކަދައްކާލަން، މަންމަ ޔަލާ ގޮވައިގެން އިންނާނަން، އަދި ބުނަން ވަރުޝާ އެބައުޅޭ ބަދިގެފަރާތުގައި، އޭނާ ކައިރީ ބުނޭ ކޮފީހަދައިދޭން… އެހާ ދުވަސްފަހުން ދިމާވީމަ ލައްކަ ވާހަކަހުންނާނެކަން މަންމައަށް އެނގޭ” ހިނިއައިސްފައި އިނދެ ޝާރުދާ ބުނެލިއެވެ. އެހެންނަމަވެސް އަރުފީނާއި ރުހައިލުގެ މޫނުމަތިން ފެންނަނީ ޖެހިލުންވުމެވެ. ހީވަނީ ފުރަތަމަ ފަހަރަށް އަލަށް ދެމީހުން ދިމާވެގެން އުޅޭހެންނެވެ.

“ރުހައިލު… ދެން ދޭބަލަ އަރުފީނު ގޮވައިގެން”

ޝާރުދާ ދެވަނަ ފަހަރަށް ބުނުމުން ރުހައިލު އެއްފަރާތަށް ޖެހިލަމުން އިސްޖަހާލިއެވެ. އެ އިޝާރާތަކީ ރުހައިލު ދިން ދަޢުވަތުކަމުގައި އަރުފީނު ޤަބޫލުކުރިއެވެ. މަޑުމަޑުން ކުރިއަށް ޖެހިލުމާއެކު ޝާރުދާއަށް ހިނިތުންވެލަމުން ކޮޓަރިން ނިކުތެވެ. އެހެންނަމަވެސް ދާންވީ ކޮންދިމާއަކަށްކަމެއް އަރުފީނަކަށް ނޭނގެއެވެ. އޭނާ އެނބުރި ރުހައިލަށް ބަލާލުމުން ހިނގައިގަތީ ލިފްޓާ ދިމާއަށެވެ. އޭނާގެ ފަހަތުން އަރުފީނު ވެސް އައިސް ލިފްޓަށް އެރިއެވެ. ބަންދު ލިފްޓުގެ ތެރޭގައި ދެމީހުން އެކަނިވުމުން ދެ މީހުންގެ ހިތް ވެސް އަވަސްވިއެވެ. އެކަކު އަނެކަކަށް ނުބަލަން މަސައްކަތް ކުރާހެން ލިފްޓުގެ ދެފަރާތަށް ޖެހިލިއެވެ. ރުހައިލުގެ މިސްރާބު ހުރީ ހާމަފެންޑާއަށެވެ.

ހާމާފެންޑާގެ ރެއިލިންގައި ދެއަތުން ހިފަހައްޓާލަމުން ރުހައިލު ދުރަށް ނަޒަރު ހުއްޓާލިއެވެ. އަރުފީނު ވެސް އައިސް ރެއިލިންގައި ހިފަހައްޓާލިއެވެ. އެހެންނަމަވެސް އޭނާއަށް ބަލާލެވުނީ ރުހައިލަށެވެ. އެއަށްފަހު އޭނާގެ އަތަށެވެ. އަރުފީނު ހޯދާ އެތި ރުހައިލުގެ އަތުން ފެނުމުން އަނެއްކާ ވެސް އޭނާގެ ނަޒަރު ހުއްޓުނީ ރުހައިލުގެ މޫނަށެވެ. ތުނިތުނިކޮށް ބަހައްޓާފައި ހުރި ތުނބުޅިމަތިމަހާއި ނިތްކުރިމައްޗަށް ވެރިފައި ހުރި އިސްތަށިކޮޅުތަކުން އެ މޫނުގެ ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. އެ އަޑު އަހާލަން އަރުފީނު ކެތްމަދުވެފައި ހުރި ކަހަލައެވެ. އޭނާގޭ ލޮލުން އެކަން ފާޅުވެއެވެ.

“ކީއްކުރަން ތިއައީ؟” އަރުފީނާ ދިމާއަށް ބަލާލުމާއެކު ރުހައިލު ބުނެލިއެވެ. އަރުފީނަށް ހައިރާންކަން ލިބިގެންދިޔައެވެ.

“ޔަލާއަށްޓަކައި”

“ޔަލާއަށް އަރުފީނު ބޭނުމެއްނުވޭ”

“ޝާރުދާ ދައްތަ ރުހައިލުއާ މެދު ކަންބޮޑުވެފައި ހުރިވަރު ނޭނގޭތަ، ދައްތަ އެދިގެން އަހަރެން އައީ”

“އަހަރެން އެދުނީމަ އަރުފީނަށް ނާދެވުނު، ކީއްވެ؟ ކީއްވެ ދެން މިހާރު ތިއައީ… އަހަރެން އާދޭހެއް ނުކުރަންތަ؟ ކިތައް އަހަރު؟ ކުޑަކޮށް ވެސް ހަނދާނެއްނުވޭތަ؟ މައްސަލައެއްނެތް އަހަރެންދެކެ އަރުފީނު ލޯބިނުވިޔަސް، އެކަމަކު ރަޙުމަތްތެރިކަން ކޮބާ؟ އެ ގުޅުން ކީއްވެ ނުބޭއްވުނީ…” ރުހައިލުގެ އަޑުގައި ހުރި ހަރުކަށިކަމަށްވުރެ އަރުފީނުގެ ހިތަށް އަސަރުކުރުވީ ރުހައިލުގެ ދެ ލޮލެވެ. އެ ލޮލުން އޭނާ އަރުފީނަށްޓަކައި ކުރި ދިގު އިންތިޒާރު ފެންނަ ކަހަލައެވެ. އަރުފީނު ދެކެ ވީ ލޯބި ފެންނަ ކަހަލައެވެ. އެ ހިތުގެ ރިހުން އިހުސާސް ކުރެވުނީ އަމިއްލަ ހިތަށް ވާންފެށި ތަދުންނެވެ.

“އޭރު އެ ނޫންގޮތެއްނެތް، އަހަރެން ދެއްކި ވާހަކަ ރުހައިލު ޤަބޫލުކުރާކަށް ބޭނުމެއްނުވޭ…”

“ނޫން! ޤަބޫލެއްނުކުރާނަން… އެ ދުވަހު ވެސް އަރުފީނު ބޭނުންނުވީ… އަހަންނަކީ އެހާ މުހިންމު މީހަކަށްނުވީ، އެހެންނު” ރުހައިލު އައިސް އަރުފީނުގެ ކުރިމަތީ ހުއްޓުނެވެ. އެހާ ގާތުގައި މަޑުކޮށްލުމުން އަރުފީނަށް ބޭއިޚްތިޔާރުގައި ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އެހިނދު ރުހައިލު އޭނާގެ އަތުގައި ހިފާ ގެނެސް ކުރިމަތީ ބެހެއްޓިއެވެ. ރުޅިވެރިކަމުގެ ބެލުމަކުން އަރުފީނަށް ބަލަން ކުރި މަސައްކަތް ރުހައިލަށް ކާމިޔާބެއް ނުވިއެވެ. މަޑުމަޑުން އޭނާއަށް އަރުފީނުގެ ކޯތާފަތުގައި ފިރުމާލެވުނެވެ.

“ރުހައިލު…” ވައި އަޑުން އަރުފީނުގެ ތުންފަތުން ރުހައިލުގެ ނަން ކިޔާލިއެވެ. އެހެންނަމަވެސް އެ އަޑު ރުހައިލަށް ނީވޭ ކަހަލައެވެ. ފަހަރަކަށްވުރެ ފަހަރެއް އޭނާ އައީ އަރުފީނުގެ ކޮނޑުގައި ދެފަރާތުން ހިފާ ގާތްކުރަމުންނެވެ. ނޭވާ އިހުސާސްވާހާ ކައިރިއަށެވެ.

“އައި އެމް ސޮރީ…” ރުހައިލުގެ ނޭވާ އިހުސާސްވާހާ ކައިރީގައި މޫނާ މޫނު ޖެހިފައި ހުރިއިރު އަރުފީނު އަވަހަށް އެއްފަރާތަށް މޫނު އަނބުރާލިއެވެ.

“ކޮންކަމަކަށް… އަލުން އެނބުރި މިގެއަށް އައީމަތަ؟ އަހަރެންގެ ކުރިމައްޗަށް އަރުފީނު އަންނަން ބޭނުންވީމާތަ؟” ރުހައިލަށް އަރުފީނުގެ މުލައްދަނޑީގައި ހިފާ ބާރުކޮށްލެވުނެވެ. އެހިނދު އަރުފީނު އަޑެއްލައްވާލީ އޭނާގެ އަތައް ތަދުވެގެންނެވެ. ނަމަވެސް ރުހައިލުގެ ލޮލުން ހަމްދަރުދީގެ އަސަރެއް ފާޅެއްނުވިއެވެ. އޭނާގެ ނަޒަރު އަރުފީނާ ވަތްކެއްނުވެއެވެ. ދުބަމަ ގުޅުވާލައިގެން ހުރެ އަރުފީނަށް ބަލަން އިރުކޮޅަކު ހުރުމަށްފަހު ކުއްލިއަކަށް އޭނާގެ އަތުން ދޫކޮށްލާފައި ރުހައިލު ދުރަށް ޖެހުނެވެ.

“ނައިރާ… އަހަންނަށް އެނގުނީ މިގެއަށް އައިފަހުން” ރެއިލިންގައި ހިފަހައްޓާލައިގެން ފުރަގަސްދީގެން ހުރި ރުހައިލްއާ ވާހަކަދައްކަން އަރުފީނު އުޅުނެވެ.

“އަރުފީނަށް ކޮންމެހެން އެންގުން މުހިންމުކަމަކަށް އަހަރެން ނުދެކެން” ރުހައިލުގެ ހަރުކަށިކަމުން އަރުފީނުގެ ހިތަށް އުނދަގޫވިއެވެ. އެހެންނަމަވެސް އެ ދެމެދުގައި ކުރިން އޮތް އެކުވެރިކަމާ ގާތްކަން ނޯންނާނެކަން އަރުފީނަށް މާ ކުރިން ވެސް އެނގޭ ކަހަލައެވެ. އެހެންވެ ރުހައިލުގެ ވާހަކަތަށް ކޮންމެ ގޮތަކަށް ހުރި ނަމަވެސް އޭނާ ރުހައިލު ކުއްވެރިއެއް ނުކުރެއެވެ.

“އަރުފީނު މިގެއަށް އަންނަން ބޭނުންނުވާއިރު ކީއްކުރަން އައިސް ތިއުޅެނީ، އަހަރެން ބުނެދާނަން މަންމަ ގާތު އަރުފީނަށް އާދެވޭކަށް ނެތޭ… ތިކުރާ ކަންތައް އެހެން މީހުންނަށް ވެސް ކުރެވޭނެ، އެހެންވީމަ ކޮންމެހެން އަރުފީނު އިންވޯލްވްވާކަށް ނުޖެހޭނެ…. އަރުފީނުހެން ހިތުގައި އޮތް އެއްޗެއް ބުނަން ނުކެރިގެން އަހަންނެއް ނޫޅެން”

“ރުހައިލު… އެނގޭ ތިހިރީ އަހަރެންދެކެ ހިތްހަމަނުޖެހިފައިކަން، އަހަރެން އެހެންކަންތައް ނުކުރިނަމަ ރުހައިލަށް ހިތްހަމަޖެހިގެން ނޫޅެވުނީސް”

“ހިތްހަމަޖެހިގެނޭ… އަރުފީނަށް އެނގިގެންތަ ތި ވާހަކަދައްކަނީ، ކައިވެންޏަށްފަހު އަހަރެން އުޅުނުގޮތް އެނގޭނީ އަހަންނަށް، ސޯ ޕްލީޒް، ބެޓާ ޔޫ ޝަޓް ޔޯ މައުތް…”

އަރުފީނުގެ ދޫ ބަންދުވިއެވެ. އޭނާ ރުހައިލާ ދުރުގައި އުޅުނު ހާލު ޚުދު އޭނާ ފިޔަވާ އެހެން މީހަކަށް ނޭނގޭނެއެވެ. ރުހައިލު ހީކުރަނީ ހިތްހަލާކުވީ އޭނާގެ އެކަނި ކަމަށް ހެއްޔެވެ. އަރުފީނުގެ ހިތަށްވީގޮތް އޭނާއަށް އެނގޭނަމައެވެ. ނަމަވެސް އަރުފީނު އޭނާގެ ހިތް ނުފެންނާނޭހެން ފަރުދާކޮށްފައިވެއެވެ. އެ ހިތުގައިވާ ވޭނަށް އޭނާ އައީ ކެތްކުރަމުންނެވެ. އަދިވެސް ކެތްކުރާނެއެވެ. ރުހައިލުގެ ނުރުހުމަށް ވެސް އޭނާ ކެތްތެރިވާނެއެވެ. ރުހައިލު ހިތްހަމަ ނުޖެހުނެއްކަމަކު ޔަލާއަށް ވަމުންދިޔަ އެހީ އާއި ޝާރުދާގެ ގާތުގައި ވި އެއްބަސްވުން އޭނާ ކޮންމެ ގޮތަކުން ވެސް ފުރިހަމަކުރާނެއެވެ. ދާންޖެހޭ ވަގުތު އަންނާނޭކަން އަރުފީނަށް އެނގެއެވެ. ކުރިން ވެސް ރުހައިލުއާ ވަކިވީއެވެ. ދެން ވެސް ވަކިވާން ޖެހޭނެކަމީ އަރުފީނަށް ޔަޤީންވާ ކަމެކެވެ. އެހެންނަމަވެސް މިފަހަރު އޭނާ އެ ހުރީ އެވަރު ދަނެގެނެވެ. އެކަމަށް ތައްޔާރުވެގެންނެވެ. ހަޔާތުގައި ދެވަނަ ފަހަރަށް ލޯބިވާ މީހާގެ ގާތުގައި ވަގުތުކޮޅެއް ހޭދަކޮށްލަން ލިބޭނީ ނަސީބުވެރިއަކަށް ކަމުގައި އަރުފީނު ޤަބޫލުކުރެއެވެ. އެހެންވެ އަރުފީނު އެނބުރި ދާއިރު އޭނާ ބޭނުންވީ އަނެއްކާ ވެސް ރުހައިލުގެ ހަނދާންތަކެއް އެ ހިތުގައި ފޮރުވާލައިގެން ދާށެވެ. އެއީ ނުރުހުމާއި ގޯނާ ކަމުގައި ވިޔަސް އެވެ.

ހާމަފެންޑާއިން ތިރިއަށް ދިއުމަށް އަރުފީނު ހިނގައިގަތެވެ. މަޑުމަޑުން ގޮސް އަރުފީނުގެ ބޫޓުގެ އަޑު ކެނޑެންދެން ހުރެފައި ރުހައިލު އެނބުރި ބަލާލިއެވެ. އެތަނުގައި އަރުފީނު ފެންނާކަށް ނެތެވެ. ދަތްތައްޖައްސާ ބާރުކޮށްލުމާއެކު ދެ އަތުން ބޮލުގައި ހިފަހައްޓާލިއެވެ. ހީވީ ހަޅޭލަވަން އޭނާ ބޭނުންވެފައި ހުރި ހެނެވެ.

ރޭގަނޑުގެ ހިމޭންކަމުގެ ތެރޭގައި އެންމެން ނިދާފައި ތިބިއިރު އަރުފީނުގެ ލޮލާ ނިދިވަނީ ވަކިވެފައެވެ. ހަމަ އެގޮތަށް ރުހައިލު ވެސް އެރޭ އޮތީ ނުނިދިފައެވެ. ސިކުނޑީގައި އުފެދޭ ޚިޔާލުތަކާއެކު ދޭތެރެއަކުން ލޯ އަޅާލިއެއް ކަމަކު ރުހައިލުގެ ދެ ލޯ ވަނީ ރަތްވެފައެވެ. އަރުފީނު ފެނުމުން ގެނެސް އަތުގެތެރެއަށްލާ އެމޫނުގައި ބޮސްދޭން އެތައް ފަހަރަކު ރުހައިލު ބޭނުންވިއެވެ. ނަމަވެސް އޭނާ ކަންތައްކުރީ އަރުފީނަށް ނަފުރަތުކުރާކަން ދެއްކުމަށެވެ. އެކަމުން ރުހައިލުގެ ހިތަށް މާ ބޮޑަށް ތަދުވެއްޖެއެވެ. އަހަރުތަކަށްފަހު އެ ލޮލުން ކަރުނަ އައީ އެހެންވެއެވެ. އަރުފީނަށްޓަކައި ހިތުގައިވާ ލޯބި އޭނާއަކީ ބަލިކަށި މީހަކަށް ހެދިއެވެ. އެހެންނަމަވެސް މިއަދު އަރުފީނު ކުރިމަތީ އޭނާ ބޭނުންވަނީ ލޯބިނުވާކަން ދައްކާށެވެ. އެ ހިތުގައި އަރުފީނުގެ މައްޗަށް އެއްވެސް އިހުސާސެއްނުވާކަން ހާމަކުރާށެވެ. އެކަމަކު އެގޮތަށް ކަންތައްކުރާ ކޮންމެފަހަރަކު އެހިތަށް ލިބޭނެވޭން ރުހައިލަށް އެނގެއެވެ. އެތައް އަހަރަކަށްފަހު އަރުފީނު ފެނުމުން އަދިވެސް ރުހައިލުގެ ހިތް ބުނީ އޭނާ ރުހައިލުދެކެ ލޯބިވާކަމުގައެވެ. ރުހައިލު ބޭނުންވަނީ އަރުފީނުގެ ދުލުން އޭނާ ލޯބިވާކަން ހާމަކުރުމެވެ. އަރުފީނުގެ ހިތުން އޭނާއަށް ޖާގައެއް ލިބުމެވެ.

“އައި ކާން ސްޓޮޕް ލަވިންގ ޔޫ… ޑޭމް އިޓް… ޑޭމް ޔޫ އަރުފީން” ބާލީސް ގެނެސް ބޮލުގައި އަޅާ މޫނާއެކު ނިވާކޮށްލާފައި ރުހައިލު ބުނެލިއެވެ.

މުޅިން އާދުވަހަކަށް ދުނިޔެ ތައްޔާރުވެލިއެވެ. ސައިކޮޓަރީގައި ޝާރުދާގެ އިތުރުން މަލީކު އިނެވެ. އޭނާގެ އުނގުގައި ކިރުތަށިބޯން ޔަލާ އިނެވެ. އޭރު ޝާރުދާ ޓޯސްޓަރުން ނެގި ޕާންފޮތިތައް ތަށްޓަކަށް ލައިގެން އައިސް މަލީކުގެ ކުރިމަތީ ބަހައްޓަނީއެވެ. ބަދިގޭގެ އުނދުން ކައިރީ ހުރެ ވަރުޝާ ބިސްގަނޑު އަޅާ ވަސް ކާކޮޓަރިތެރެއަށް ވެސް ފެތުރިފައިވެއެވެ. ކިރުތަށި ބޮއެ ނިމުމާއެކު މަލީކުގެ އުނގުން ޔަލާ ފުންމާލިއެވެ. އެކުއްޖާ ދުވެ ފިލާފާނެހެން ހީވުމުން ޝާރުދާ އަވަސް އަވަހަށް އައިސް ޔަލާގެ އަތުގައި ހިފައިގެން އައިސް ތުންފުތުގައި ހޭކިފައި ހުރި ކިރުތައް ސާފުކޮށްލުމުގެ ގޮތުން ތުންދޮއްވާލިއެވެ.

“މިގަޑީގައި ބޭރަށް ނުނިކުންނާތި އިނގޭ، ދޭ ތިއްތިކޮށް ސޯފާގައި އޮވެގެން ކާޓޫނު ބަލަން، އިރުކޮޅަކުން މާމަ ދާނަން” ޝާރުދާ މިހެން ބުނުމާއެކު ބޯޖަހާލާފައި ޔަލާ ދުއްވައިގަތެވެ.

“ޝާރުދާ، މަރިޔަމް ބަލިވެ އުޅޭތީ، ޒާހިރު އުޅެނީ އޭނާ ގޮވައިގެން ފުރަންވެގެން، ބުނި މިއަދު މިގެއަށް އަންނާނެ ވާހަކަ، ރޭގައި ރުހައިލުއާ ދިމައެއްނުވި، އޭނާ ގާތު ބުނެލާތި އެ ގަޑީގައި ގޭގައި މަޑުކޮށްލަން”

“މަރިޔަމްގެ ބަލި މާބޮޑުވީތަ؟”

“އެހެންހީވަނީ، ޒާހިރު ބުނީ ނައިރާވަކިވުމުގެ ސަބަބުން މަރިޔަމް ހިތާމަކުރާތީ ވާގޮތްތަކެކޭ، މާލޭގައި އުޅެން ގަސްދުނުކުރާ ވާހަކަ ވެސް ބުނި، އަހަރެން ބުނިން އޭރުން ޔަލާ ވެސް ނުފެންނާނެ ނޫންހޭ… އެހެންވިޔަސް ޒާހިރު ބުނީ އެއީ ކަންނޭނގެ އެންމެ ރަނގަޅުވާނެ ގޮތަކީ، ޔަލާ ހުންނަނީ އޭނާގެ ބައްޕަ ގާތުގައެއް ނޫންހޯ، އަނެއްކާ އެކުއްޖާ ހުންނަނީ އުފަލުންކަން އެމީހުން ވެސް ފާހަގަކުރި، ޔަލާ ފެނުމުން މަރިޔަމް މާބޮޑަށް ނައިރާ މަތީން ހަނދާންވާނެތީވެ މުޅި މާހައުލު ވެސް ބަދަލުކޮށްލަން ގަސްދުކުރަނީކަމަށް ބުނީ… އަހަރެން ވަރަށް މަސައްކަތްކުރީން އެމީހުން މިކޮޅުގައި މަޑުކުރުވުމަށް”

“ފަހަރެއްގައި ޒާހިރު އެ ވިސްނާގޮތް ރަނގަޅު ވެސް ވެދާނެ، މަރިޔަމްއަށް ކަމެއްވެއްޖެއްޔާ ޒާހިރު ވެސް ވަރަށް އެކަނިވާނެ، ދަރިއަކު ގެއްލުމަކީ މައިންބަފައިންނަށް ލިބޭނެ އެންމެ ބޮޑު ހިތާމަ، އަހަރެން ވެސް ވަރަށް ކަންބޮޑުވޭ މަރިޔަމް އެހާ ފިކުރުކުރާތީވެ، ބުނާނަން ރުހައިލު ކައިރީ މަޑުކޮށްލުމަށް”

ޝާރުދާގެ ވާހަކަ ނިމުނުތަނާހެން ރުހައިލު އައިސް ވަނެވެ. އޭނާ އެންމެ ފުރަތަމަ ވެސް ވަރުޝާއަށް ގޮވާލަމުން އެދުނީ ކޮފީ ގެނައުމަށެވެ. ޝާރުދާ އާއި މަލީކު ހައިރާން ވެފައި އެކަކު އަނެކަކަށް ބަލާލާމުން ރުހައިލަށް އަވަސް ނަޒަރެއް ދިނެވެ. ރުހައިލުގެ މޫނުމަތީން ފެންނަނީ ވަރުބަލިކަމެވެ. ލޮލުގައި މަޑު ރަތްކަމެއް ހުއްޓެވެ.

“ރޭގައި ދަރިފުޅު ނުނިދަނީތަ؟”

“ތަންކޮޅެއްލަހުން ނިދުނީ”

“ތިހާ ބުރަކޮށް މަސައްކަތް ނުކޮށްބަލަ”

ޝާރުދާއަށް ހީވީ ރުހައިލު ނުނިދާ އުޅުނީ އޭނާގެ ކުންފުނީގެ ކަންކަމުގައި ކަމަށެވެ. މަލީކު، ޝާރުދާ ހުއްޓުވިއެވެ. އަދި ރުހައިލުގެ ކުންފުނިން ފައިދާ އިތުރުވަމުން ދޭތޯ އަހަމުން ވާހަކަ ބަދަލުކޮށްލިއެވެ. މަލީކު ކުރާ ސުވާލަކަށް ޖަވާބުދެމުން ދިޔަ ރުހައިލު އޭނާގެ ކޮފީތަށި ވަރުޝާ ގެނެސްދިނުމުން އެ ހިފައިގެން ކާކޮޓަރިން ނިކުތެވެ. ހީވީ އެކަކާ ވެސް ވާހަކަދައްކަން ބޭނުންނުވެފައި ހުރި ހެންނެވެ.

ދުވަސްފެށި އިރު އަރުފީނުގެ ޠާބީޢަތް ރަނގަޅުކަމަށް ބޭރުފުށުން ދެއްކި ނަމަވެސް އޭނާގެ ހިތުގެ ހަމަޖެހުންވަނީ ގެއްލިފައެވެ. އޮފީހަށް އައިސް މަސައްކަތްތަކައިގެން އުޅުނެއްކަމަކު ގިނަ ވަގުތު އަރުފީނު ހުންނަނީ ކޮންމެވެސް ފިކުރަކަށް ގެއްލިފައެވެ. ބޭނުންވާ ސަމާލުކަން ނުދެވޭތީ އޭނާ ކުޑަދުވަސްކޮޅެއްގެ ޗުއްޓީއެއް ނަގަން ބޭނުންވިއެވެ. އެހެންނަމަވެސް އެކަމަށް ހުރަށްއެޅީ އޭނާގެ ކިޔެވުމުގެ އެންމެފަހު މަރުހަލާ ފުރިހަމަކުރަން ޖެހިފައި އޮތުމުންނެވެ. ކުރިއަށް އޮތް ހަފްތާތެރޭގައި ނިމޭނޭކަމުގެ ޔަޤީންކަން އެނގޭތީއެވެ.

ނިންމަން ބޭނުންވި މަސައްކަތްނިންމާ ބޭރުގައި ކިޔަވަމުން ގެންދިޔަ ޔުނިވަރސިޓީއަށް އަރުފީނުގެ މަސައްކަތްތައް ފޮނުވުމަށްފަހު އޭނާގެ އެންމެ އިސްކަމަކަށްވީ އޮފީހުން ޗުއްޓީ ނެގުމެވެ. އެއްގޮތަކަށް ވެސް ޗުއްޓީ ނަގަން ބޭނުންނުވާ އަރުފީނަށް ވަރަށް އަވަހަށް ޗުއްޓީ ހަމަޖެހުނެވެ. އެކުގައި މަސައްކަތްކުރާ އެންމެން ވެސް އެކަމާ ސުވާލުކުރީ ހައިރާންވެ ތިބެއެވެ. އެހެންނަމަވެސް ހަޤީޤަތް ފޮރުވަމުން އަރުފީނު ބުނީ އޭނާ ވަރަށް މުހިއްމު ކަމަކަށް ވަގުތުކޮޅެއް ބޭނުންވާތީ ނެގި ޗުއްޓީއެއް ކަމަކަށެވެ.

ޔަލާއަށް ތެރަޕީ ދޭން ފެށުމުން އެކަމުގެ ނަތީޖާ މަޑުމަޑުން ފެންނަންފެށީ މަސްދުވަސް ފަހުންނެވެ. ވާހަކަދައްކާއިރު ނުކިޔޭ އަކުރުތަކަށް ޔަލާ ސަމާލުވެ އެ އަކުރު ކިޔަންވާގޮތަށް ކިޔޭތޯ މަސައްކަތްކުރެއެވެ. ހަމައެއާއެކު އަރުފީނާ ދެމެދު އޮންނަ ގުޅުން ބަދަހިވެގެންދިޔައެވެ. އަރުފީނު އައިސް އުޅޭކަން މިލާންއަށް އެނގުމާއެކު އޭނާ ފަޒަލްއަށް އެކަން އެންގިއެވެ. އެ ޚަބަރާއެކު އަރުފީނާ ބައްދަލުކުރަން ފަޒަލް އެދުނެވެ. އެ ދެމެދުގައި ވަރަށް ގިނަ ވާހަކަ އެންމެ ދުވަހެއްގެ ތެރޭގައި ދެކެވުނެވެ. ރުހައިލުގެ ހިތުގައިވާ އެއްޗެއް ފަޒަލް ކިޔައިދިނީ އެއްވެސް ފޮރުވުމެއްނެތިއެވެ. އޭނާ އާދޭސްކުރާ ފަދަ ގޮތަކަށް އަރުފީނުގެ ގާތުން އެދުނީ ދެވަނަ ފަހަރަށް ރުހައިލު ދޫކޮށްލާފައި ނުދިއުމަށެވެ.

“އަރުފީނުގެ އެދުމުގެ އޭނާ ނައިރާއާ ކައިވެނިކުރި، އެކަމަކު އޭނާ ލޯބިވީ އަރުފީނުދެކެ، ހަމައެކަނި އަރުފީނުދެކެ… އަހަރުމެން ދެމެދަށް މިވަނީ ހުސްކަމެއް އައިސްފާ، ރުހައިލުގެ ދޫވަނީ ހިމޭންވެފައި، އެ މޭގައި ހިތެއްނުވާ ފަދަ، މުޅި މީހާ ބަދަލުވެއްޖެ، އަރުފީނަށް މިހާރު އެކަން އެނގޭނެކަންނޭނގެ، މިފަހަރު އަރުފީނު އެނާ ދޫކޮށްފައި ހިނގައްޖެނަމަ އޭނާ މުޅިން ނާއުންމީދުވާނެ” ފަޒަލް ބުނެލިއެވެ. އަނގައިން ނުބުނެ ފަޒަލްގެ ހުރިހާ ވާހަކައެއް އަރުފީނު އަޑުއެހިއެވެ.

ޔަލާގެ ގާތަށް އަރުފީނު އަންނަންވާއިރަށް ރުހައިލު އޮފީސް ނިންމާފައި ގެއަށް އަންނަންފެށިއެވެ. އެކަމާ ޝާރުދާ ހުންނަނީ ވަރަށް އުފަލުންނެވެ. ކިތަންމެ ފަހަރަކު ރުހައިލު ސިއްރުން ޔަލާ އާއި އަރުފީނު އެކުގައި ތިބޭތަން ބަލަން ހުއްޓާ ވަނީ ފެނިފައެވެ. އެ މޫނުމަތިން ލުއި ހިނިތުންވުމެއް ބައެއްފަހަރު ފާޅުވެއެވެ. އެހެންނަމަވެސް އެ ހިތުގައިވަނީ ކީކޭކަމެއް ޝާރުދާއާއަށް ފަހުމްވާގޮތެއް ނުވެއެވެ.

ޔަލާއަށް މަންމައަކު ބޭނުންވާކަން މަޑުމަޑުން އެނގެންފެށީ ޝާރުދާގެ ގާތުގައި މަންމަގެ ވާހަކަ ދައްކަންފެށުމުންނެވެ. އަރުފީނުގެ އޯގާތެރިކަމުން ޔަލާގެ ހިތުގައި އޭނާއަށް ލޯބި އުފެދެމުންދިޔައެވެ. ޔަލާ މައެއްގެ ދަރަޖަ އަރުފީނަށް ދޭން އުޅޭހެން ވެސް ޝާރުދާއަށް ހީވެއެވެ. ކުދިކުދި ހަދިޔާތަކާއި އެކުގައި ހޭދަކުރާ ވަގުތުގެ ސަބަބުން ދުވަހަކު ވެސް ޔަލާ މީހަކާ ނުބާއްވާފަދަ ގާތް ގުޅުމެއް އަރުފީނާއެކު އުފެދި މޫލަމުން ދިޔައެވެ. ދުވަހުގެ ކޮންމެ ކަމަކާ އަރުފީނާ، ޔަލާ ގުޅުވާލައެވެ. ބައެއްފަހަރު އަރުފީނު އެގެއަށް އެއްކޮށް ގެންނަން ޔަލާ ކިޔައެވެ. ހަމައެގޮތަށް ޔަލާ އާދޭސްކޮށްގެން އޭނާ ނިދަންދެން އަރުފީނު އެގޭގައި މަޑުކުރުވައެވެ. ޝާރުދާއަށް މިހުރިހާ ކަމެއް ފާހަގަކުރެވެމުންދިޔައިރު ރުހައިލަށް ވެސް އޭނާގެ ދަރިފުޅާ އަރުފީނު ގާތްވަމުން އަންނަވަރު ފެނެއެވެ. ޝާރުދާގެ ހިތަށް ނޭނގޭ ހިތްހަމަޖެހުމެއް ލިބުނެއްކަމަކު ރުހައިލު ހުރީ އިންތިހާއަށް ކަންބޮޑުވެފައެވެ.

“މީހުންނާއެކު އުޅެވެންނެތްއިރު އެމީހުންނާ ވީހާ ވެސް ދުރުން އުޅުން އެންމެ ރަނގަޅު ގޮތަކީ” ހާމަފެންޑާގައި ޝާރުދާ ގެނެސްދިން ކޮފީ ބުއިމަށް އަރުފީނާއެކު ހުރެފައި ރުހައިލު ބުނެލިއެވެ.

ރުހައިލު ބުނި އެއްޗަކުން މިފަހަރު އަރުފީނު ހައިރާނެއްނުވިއެވެ. އޭނާ ޝާރުދާގެ އެދުމަށް އެގެއަށް އަންނަން ފެށިފަހުން ރުހައިލު އެއްފަހަރު ވެސް ރުހުމުގައި އަނގައިން ނުބުނެއެވެ. އެހެންނަމަވެސް އަރުފީނާ ދުރަށް ދާކަށް އޭނާ މަސައްކަތެއްނުކުރެއެވެ. އަބަދުވެސް އުޅެނީ އަރުފީނުގެ ހިތުގައި ޖެހޭނޭ ފަދަ އެއްޗެއް ބުނެ އޭނާ ދެރަކޮށްލެވޭތޯއެވެ. މިފަހަރު ވެސް އަރުފީނު ހިމޭންކަން ޚިޔާރުކުރީ އެހެންވެއެވެ. ރުހައިލުއާ ޖަދަލުކުރުމަކީ އަރުފީނުގެ ހިތް އުފާވާކަމެއް ނޫނެވެ.

ޝާރުދާ އެނބުރި އައުމުން ރުހައިލު ކޮފީތަށި ހިފައިގެން ސޯފާއިން ތެދުވެގެން ގޮސް ރެއިލިންގައި އަތްއަޅުވާލަމުން އަރުފީނަށް ފުރަގަސް ދިނެވެ. އެތަން ބަލަން އަރުފީނު އިން އިރު ޝާރުދާ އައިސް އަރުފީނުގެ ގާތުގައި އިށީނދެ ވާހަކަދައްކަންފަށައިފިއެވެ.

“ދައްތަ ވަރަށް ބޭނުން ރުހައިލު އަލުން ކައިވެނި ކުރަން، ޔަލާ އަދި ވަރަށް ކުޑަ، އޭނާއަށް މަންމައެއް ބޭނުންވާނެ، އަރުފީނާ އެއްކޮށް އުޅޭގޮތް ދައްތައަށް ފެނޭ، އަސްލު އެހާ ގާތް އެވަނީ އެކުއްޖާ މަންމައެއްގެ ގޮތުގައި އަންހެނަކު ދުށުމަށް އެދޭތީ… ހަމައެކަނި ބައްޕައަކަށް ދަރިންނެއް ނުބެލޭނެ، އެހެންނޫނަސް އަދި މީހަކާ ނީނދެ ހުންނަވަރެއް ރުހައިލު ނުވޭ”

އަރުފީނުގެ ނަޒަރު ރުހައިލުއާ ވަކިކޮށްލާ އޭނާ އިސްޖަހާލިއެވެ. ޝާރުދާގެ ވާހަކަތަކުން އަރުފީނުގެ ހިތަށް ބަޔާންކުރަން ދަތި އުނދަގޫތަކެއް ވެގެން ދިޔައެވެ. ރުހައިލު މީހަކާ ދެވަން ޝާރުދާ ބޭނުންވުމަކީ ދެވަނަ ފަހަރަށް އަރުފީނަށް ރުހައިލު ގެއްލުންކަން އޭނާއަށް އެނގެއެވެ. ހިތަށް އުނދަގޫވަނީ އެހެންވެއެވެ. ފުރަތަމަ ފަހަރަށް ވެސް ރުހައިލު ދޫކޮށްލާފައި އޭނާ ދިޔައީ ލޯބިނުވާތީއެއްނޫނެވެ. އެކަމަކު ދެވަނަ ފަހަރަށް ރުހައިލުއާ ވަކިވާން ޖެހުމަކީ އޭނާއަށް ކެތްކުރެވޭނޭ ކަމެއްކަމާމެދު ޚުދު އޭނާއަށް ޝައްކެވެ. ނަމަވެސް އަރުފީނުގެ ދުލުން އެކަން ހާމަކުރުމަކީ އޭނާއަށް ކުރެވޭނޭ ކަމެއްނޫނެވެ. ކިތަންމެ ދުވަހަކު މަލީކުގެ ނަޒަރު އޭނާއަށް ހުއްޓިފައި ހުންނަތަން ފެނެއެވެ. އަދިވެސް އެ ލޮލުގައި ވަނީ އިންޒާރު ދިނުމެވެ. އެ ޢާއިލާއަށް މަރުޚަބާ ނުކިޔާނެކަމުގެ ހެއްކަކަށް މަލީކު ދެއްކި ވާހަކަ ފުދެއެވެ. ޝާރުދާ ވެސް އަރުފީނުގެ ގާތުގައި އެ ދައްކަނީ ރުހައިލު އެހެންމީހަކާ ދެވަން ބޭނުންވާކަމުގެ ވާހަކައެކެވެ. އެކަކުވެސް އަރުފީނުގެ ހިތުގައި ރުހައިލުގެ މައްޗަށް އޮތް ލޯތްބާއި ރުހައިލުގެ ހިތުގައި އަރުފީނަށް ދެވިފައިވާ މަޤާމު ދެނެގަންނާކަށް މަސައްކަތެއް ނުކުރެއެވެ.

“އަރުފީނު އަޅެ ރުހައިލަށް ވިސްނައިދީބަލަ، ހިނގާބަލަ އޭނާގެ ކައިވެނި ކުރެވޭތޯ ބަލަމާ، އަރުފީނު އެ ވާހަކަ ދައްކަނިކޮށް ޤަބޫލުކޮށްފާނެ”

“އެކަމަކު ދައްތާ، ރުހައިލު ބޭނުންނުވާއިރު ކިހިނެއް އެކަހަލަ ކަމެއް ކުރުވާނީ، އިންނާނެ މީހަކު ވެސް ހުންނަންވާނެއެއްނު”

“ރުހައިލު ޤަބޫލުނުވާއިރު އޭނާ އިންނާނެ މީހަކު ހޯދާނެތަ؟ އަހަރުމެން ޖެހޭނީ ހުރިހާކަމެއް ކުރަން، އަޅެ މިކަމުގައި އަރުފީނު އުޅެދޭންވީނު، އަރުފީނު ބުނީމަ ދެކޮޅު ހަދާކަށް ނުކެރޭނެ… ދައްތަ ބޭނުން ރުހައިލު އަލުން މީހަކާ އިނދެގެން ހަމަޖެހިގެން އުޅޭތަން ދެކެން، ނައިރާ އަހަރުމެންނާ ވަކިވިފަހުން ވެސް ކިހާ ދުވަހެއްމިވީ، ޔަލާއަށްދޭ ސަމާލުކަން ކުޑަވެގެން އެއުޅެނީ އެކަމަށް ބާރުއަޅާނެ ބައިވެރިއަކު ކައިރީގައި ނެތީމަ… ބަލާބަލަ، އެއީ އޭނާގެ ކަމަކީ… އެގޮތަށް އެކަނިމާއެކަނި ވިސްނަން ހުރެދާނެ ކިތަންމެ އިރަކު، އޭނާ އެ ހުރީ އުފަލުގަހެން އަރުފީނަށް ހީވޭތަ، އެކުން އެހެންވެ ރުހައިލުގެ ކައިވެނިކުރުވަން ބޭނުންވަނީ ވެސް، ޒުވާންއުމުރުގައި އަބަދު ވިސްނާ ފިކުރުކުރަންވެއްޖެއްޔާ މީހާ ހަލާކުވެދާނެ، އަޅެ ބުނެބަލަ… އަރުފީނު މިކަން ކޮށްދޭނަންތަ، ރުހައިލުއާ މިވާހަކަ ދައްކަފާނަންތަ؟”

“ދައްތާ، އަޅުގަނޑު ވާހަކަދެއްކި ނަމަވެސް ރުހައިލު އަޑުއެހިއްޔާތާ”

“އަޅެ އޭނާ ގާތު ބުނެބަލަ، އޭރުން ބުނާ އެއްޗެއް ވެސް އެނގިދާނެއެއްނު، ދޭބަލަ ރުހައިލު ގާތަށް، ގޮސް އެވާހަކަ ކޮންމެވެސް ގޮތަކުން ދައްކާލަ ބަލަ”

އަރުފީނު ކަންބޮޑުވާގޮތް ވިއެވެ. އޭނާ ރުހައިލުއާ ކައިވެންޏާ ބެހޭގޮތުން ވާހަކަދައްކާކަށް ބޭނުމެއްނުވެއެވެ. އެހެންނަމަވެސް ޝާރުދާ ބާރު އަޅަން ފެށުމުން ނޫނެކޭ ބުނެ ނުތެދުވެ އިންނާކަށް ވެސް ނުކެރުނެވެ. ހިތާއި ސިކުނޑީގައިވާ ހާސްކަން ފޮރުވާލަމުން އަރުފީނު ތެދުވެގެން ރުހައިލުގެ ގާތަށް އަންނަން ހިނގައިގަތެވެ. ޝާރުދާ ހިނިއައިސްފައި ސޯފާ އިން ނުތެދުވެ އަރުފީނު ހަދާގޮތެއް ބަލަން އިނެވެ.

“ރުހައިލު…” ވަރަށް ޖެހިލުން ވެފައި ހުރެ ރުހައިލުގެ ކައިރިއަށް އައިސް ހުއްޓިލަމުން އަރުފީނު ގޮވާލިއެވެ. އެއާއެކު އަރުފީނަށް ބަލާލުމެއްނެތި ރުހައިލު “ހޫން” ލައްވާލިއެވެ.

“އަހަރެން އެއްވެސް އިރަކު ރުހައިލަށް ހާޓް ކުރާކަށް ބޭނުމެއްނުވޭ، އެކަމަކު އަހަންނަށް އެ ނޫންކަމެއް ނުކުރެވޭ، އަހަރެން ޤަބޫލުކުރަން ރުހައިލު އަހަރެންދެކެ ނުރުހުންވުން ހައްޤުކަން، ރަޙުމަތްތެރިއަކަށް ވުމުގެ ފުރުޞަތު ވެސް އަހަރެން ރުހައިލަށް ނުދެންކަން އެނގޭ… އެހެންވިޔަސް އަހަރެން ރުހައިލުގެ މަތީން ހަނދާނެއްނުނެތޭ….”

“ތި ބޭކާރު ވާހަކަ ނުދައްކާ ބުނަން ބޭނުންވާ އެއްޗެއް ބުނަންވީނު، މާފަށް އެދުނޭ ކިޔާފައި އަރުފީނު ކަންތައްކުރިގޮތް ވަކި އަހަރެން ވެސް ހަނދާނެއް ނުނެތޭނެ”

ރުހައިލުގެ އަޑުގައި ހުރި ހަރުކަށިކަމުން އަރުފީނަށް ހިންދިރުވާލެވުނެވެ. ދެއަތުން ފިނިވަމުން އައި ކޮފީތަށީގައި ހިފަހައްޓާލެވުމާއެކު އެނބުރި ޝާރުދާއަށް ބަލާލެވުނެވެ. އޭނާއަށް އެ ދެމެދުގައި ދެކެވެމުންދިޔަ ވާހަކަތައް އަޑުނީވުނެއްކަމަކު އިނީ ނިކަން ހިނިސްއައިސްފައެވެ. އަރުފީނު ބަލާލުމުން ބޮލުގެ އިޝާރާތުން ރުހައިލުއާ ވާހަކަދައްކާށޭ ޝާރުދާ އަންގާލިއެވެ. އެއާއެކު ފުންނޭވާއެއް ދޫކޮށްލަމުން އަރުފީނު ވާހަކަކުރިއަށް ގެންދެވޭތޯ ބެލިއެވެ.

“ރުހައިލު… މީހަކާ… އިންނަން….” ރަނގަޅަށް ނުބުނެވިގެން އުޅެނިކޮށް ކުއްލިއަކަށް ރުހައިލު އެނބުރި އަރުފީނަށް ބަލާލިއެވެ.

“އަހަރެން މީހަކާ ނީނދެ ހުރީމަ އަރުފީނަށް އުނދަގޫވީތަ؟ އަހަރެންވިއްޔާ ހުހަށް ހުރެގެންނުވޭ ދޯ”

“ޔަލާ ވެސް ކިހާ ކުޑަ، އޭނައަށް މަންމައަކު ބޭނުންވާނެ، ރުހައިލު ވެސް ބައިވެރިއަކު ބޭނުންވާނެއެއްނު”

“ޔަލާއަށް ބޭނުންވާ ހުރިހާކަމެއް އަހަންނަށް ކުރެވޭނެ، އަދި ބުނަން، އަހަންނަށް ބައިވެރިއަކު ބޭނުންވަންޏާ އަރުފީނަށް ވެސް ބައިވެރިއަކު ބޭނުންވާނެ” ރުހައިލު މިހެން ބުނުމުން އަރުފީނަށް ލިބުނީ ހައިރާންކަމެކެވެ.

“އާން! ކީއްވެ އަރުފީނު މިހާ ދުވަހު ހުސްކޮށް ތިހުންނަނީ، ބައިވެރިއަކު އެންމެ ފުރަތަމަ ހޯދަންވީ އަރުފީނަކައްނު، އަހަރެންވިއްޔާ މީހަކާ އިނދެ ދަރިއަކު ވެސް އެބަހުރި، އެކަމަކު އަރުފީނު އަދި އަލަށް ވެސް މީހަކާ ނީންނަމެއްނު، އެހެންވީމަ ކައިވެނީގެ ވާހަކަދައްކާއިރު، އެންމެ ފުރަތަމަ އަރުފީނު މީހަކާ އިނދޭ…”

“އަހަރެން ވެސް މީހަކާ އިންނަންވީމަ އިންނާނަން”

“އެހެންވީރު އަހަރެން ވެސް އިންނަންވީމަ އެނގޭނީ އަހަންނަށް”

“ރުހައިލުގެ މަންމަގެ އުފަލަށްޓަކައި ވެސް މީހަކާ އިންނަން ޤަބޫލެއްނުވާނަންތަ؟”

“މައިންބަފައިންގެ އުފަލަށްޓަކައި އަހަރެން ކައިވެނިކޮށްފިން، އެ ކައިވެނި ގިނަ ދުވަހަށް ދެމިގެން ނުދިއުން އެއީ އަހަރެން ކުރިކަމެއްނޫން، ދެން އަހަރެން ކައިވެނި ކުރަންވީމާ އެނގޭނީ ޚުދު އަހަންނަށް”

“ދަރިންނަށް ރަނގަޅުގޮތް މެދުވެރިވުމަށް އަބަދުވެސް މައިންބަފައިން އެދޭނީ، ރުހައިލުގެ މައިންބަފައިން އެތިބީ ނުލާހިކު ކަންބޮޑުވެފައި މިހާރު ރުހައިލު ތިއުޅޭ ގޮތުން، އެކަނިވެރިއެއްގެ ގޮތުގައި ޒުވާން އުމުރު ވޭތުކުރުމަކީ އެމީހުން އެއްގޮތަކަށް ވެސް ބޭނުންވާގޮތެއް ނޫން، މީ އަހަރެން ބޭނުންވެގެން ދޭ ޚިޔާލެއްނޫން، އެކަމަކު ރުހައިލުގެ މަންމަގެ ވަރަށް ބޮޑު އުންމީދެއް، ފަހަރެއްގައި އަހަރެންގެ ބަސް ރުހައިލު އަހާފާނެކަމުގައި އެ މަންމައަށް ހީވެގެން މިތަނަށް ފޮނުވީ”

“އެހެންތަ؟ މަންމަ ބޭނުންވާ ކޮންމެކަމެއް އަރުފީނު ކުރަން ހުންނަނީ ތައްޔާރަށް ދޯ، އެ މަންމަ އަރުފީނު ގާތު އަހަންނާ އިންނާށޭ ބުނެފިއްޔާ ދެނޯ”

“ރުހައިލު… ޕްލީޒް….”

“އަރުފީނު މީހަކާ އިންނާކަށް ނުވޭތަ، މިހާރު ތިހިރީ ކިޔަވަވާ ވެސް ނިމިފައި، އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަމެއް މިހާރު އޮތްހެނެއް ހިޔެއްނުވޭ، ދެން ކީއްވެ ބައިވެރިއަކު ޚިޔާރުނުކޮށް ތިމަޑުކުރަނީ، ނޫނީ ވަކިމީހަކަށް އިންތިޒާރު ކުރަނީތަ؟ އެކަމަކު ބުނަން، އިންތިޒާރު ކުރިޔަސް ނުބުނާހާ ހިނދަކު ނުލިބޭނެކަން ހަނދާންކުރައްޗޭ”

“ރުހައިލުގެ މަންމައަށް އަހަރެން ދޭންވީ ޖަވާބަކީ ކޮބާ؟” އަރުފީނު މިހެން ބުނެލުމާއެކު އޭނާއަށް ބަލަން ހުރި ރުހައިލު ކުރިއަށް ފިޔަވަޅު އަޅަން ފެށިއެވެ. އެހިނދު އަރުފީނުގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އަވަހަށް ދުރުގައި ހުރި ސޯފާގައި އިށީނދެލައިގެން އިން ޝާރުދާއަށް ބަލާލެވުނެވެ.

“ރުހައިލު….” ޖެހިލުންވެ ކަންބޮޑުވެފައި ހުރެ އަރުފީނު ގޮވާލިއެވެ. ނަމަވެސް ރުހައިލު ހުއްޓޭ ގޮތެއް ނުވިއެވެ. އޭނާ ހައްތަހާ އައީ އަރުފީނާ ގާތަށެވެ. ހާސްވެގެން ގޮސް ހަދާނެގޮތެއް ނޭނގިފައި ހުރެފައި ކުއްލިއަކަށް އެނބުރި ޝާރުދާގެ ގާތަށް ދިއުމަށް އަރުފީނު ހިނގައިގަތެވެ. ހަމަ އެވަގުތު އޭނާގެ އެއްއަތުގެ މުލައްދަނޑީގައި ރުހައިލު ހިފާ މަޑުކުރުވިއެވެ. ފުރަގަސްދީގެން ހުރި އަރުފީނުގެ ގައިގާ ޖެހޭ ނުޖެހޭ ހިސާބުގައި މަޑުކޮށްލަމުން ކަންފަތްދޮށަށް ގުދުވެލީ ރުހައިލުގެ ނެވާ އިހުސާސްވާހާ ކައިރިއަށެވެ.

“ޖަވާބު ބުނަންވީތަ؟ އެހެންވީރު އަޑުއަހާ… އަހަރެން ދެން މީހަކާ އިންނާނީ އަރުފީނު މީހަކާ އިން ދުވަހަކުން، ގޮސް މަންމަ ގާތު އެހެން ބުނޭ… އަހަރެންގެ ކައިވެނި އަވަސްކުރަން ބޭނުންވާނަމަ އަރުފީނު މީހަކާ އިނދޭ، މިފަހަރު މީ އަރުފީނުގެ ފަހަރު”

އަރުފީނުގެ ކަންފަތްދޮށުގައި ރުހައިލު ބުނެލި ބަސްތަކުން އޭނާގެ ނޭވާ ހުއްޓެން އުޅުނެވެ. ދެ ލޯ މަރާލުމާއެކު އެތެރެހަށީގައި ނޭވާ ހިފަހައްޓާލެވުނެވެ. ކުއްލިއަކަށް އަރުފީނުގެ އަތުން ރުހައިލު ދޫކޮށްލީ އޭނާ ކޮށްޕާލާ ފަދަ ގޮތަކަށެވެ. އޭނާގެ އެ ޢަމަލުން އަރުފީނުގެ ހިތުގައި ޖެހުނެވެ. ތުންފިއްތާލެވުމާއެކު އަވަސް އަވަހަސް ތިރީ ތުންފަތުގައި ދައިގަނެވުނެވެ. ލޮލަށް ބޮނޑިވެގަންނަން އުޅުނު ކަރުނަތައް ދިރުވާލަމުން އަރުފީނު ހިނގައިގަތީ ފަސްއެނބުރި ރުހައިލަށް ބަލާ ވެސް ނުލައެވެ.

“މިހާރުން ފެށިގެން އަރުފީނު އިންނާނެ މީހަކު ހޯދަން ފަށާ” ރުހައިލުގެ އަޑު ނީވޭ ހިސާބަށް އަރުފީނަށް ދެވުމުގެ ކުރިން އަނެއްކާ ވެސް ރުހައިލު އޭނާގެ ހަރުކަށި ބަސްތައް އިއްވާލިއެވެ. ހުއްޓުމެއް އައި ނަމަވެސް އަރުފީނު ފަހަތަކަށް ނުއެނބުރުނެވެ.

“ކީކޭ ބުނީ… ވަރަށް ހިތްހަމަނުޖެހިފައިތަ ހުރީ” އަރުފީނު އައުމާއެކު ކެތްތެރިކަން ކުޑަވެފައި އިންހެން ޝާރުދާ އަހާލިއެވެ. އެއާއެކު އަރުފީނު ބަސްހުއްޓިފައި ހުރިހެން އިރުކޮޅަކު ހުރެފައި ރުހައިލަށް ބަލާލިއެވެ. އޭނާ ހުރީ އަރުފީނަށް ބަލާށެވެ. އެ ބަލާލުމަގަ އާއި ތުންފަތަށް ވެރިވެފައިވާ ލުއި ހިނިތުންވުމުގައި ވަނީ މަލާމާތުގެ އަސަރުހެން އަރުފީނަށް ހީވިއެވެ.

“ދައްތަގެ އެ ދަރިފުޅު އެ ހުރީ މޮޔަވެފައި… ސޮރީ ދައްތާ، އަޅުގަނޑަށް ހުރެވޭކަށް ނެތް” ދެފަރާތަށް ބޯހޫރާލަމުން އަރުފީނު ބުންޏެވެ.

“އަރުފީނު… އަރުފީނު… މަޑުކޮށްބަލަ…”

ކުއްލިއަކަށް ސޯފާ ކައިރީ ހުރި އަރިމަތީ މޭޒުގައި އެއްކޮށް ހުސްނުވެ ހުރި ކޮފީތަށި ބަހައްޓަމުން އަރުފީނު އެގެއިން ދިއުމަށް ހިނގައިގަތުމުން ޝާރުދާ ކަންބޮޑުވިއެވެ. އޭނާއަށް ވެސް ހަލުވިކޮށް އަރުފީނުގެ ފަހަތުން ދިއުމަށް އުޅުނެވެ. އެހެންނަމަވެސް އަރުފީނު ދުވަމުން ކަހަލަ ގޮތަކަށް ގޮސް ގެއްލިއްޖެއެވެ. އެއާއެކު ޝާރުދާ އައީ ރުހައިލުގެ ގާތަށެވެ.

“ދަރިފުޅު ކީކޭ އަރުފީނުގެ ގާތުގައި ބުނެގެން އެކުއްޖާ އެ ދިޔައީ…”

“އަރުފީނު ނުބުނޭތަ؟”

“ދަރިފުޅު ހުރި މޮޔަވެފައި ކަމުގައި ބުނީ…” ޝާރުދާ މިހެން ބުނަންވާއިރަށް ރުހައިލު ހޭންފެށިއެވެ. އަދި ރެއިލިންގައި އަތްއަޅުވާލަމުން ތިރިއަށް ބަލާލިއެވެ. އެހެން ހުއްޓާ ދުވަމުން ދުވަމުން ގޭޓުން ނިކުމެގެން ދިޔަ އަރުފީނު ރުހައިލަށް ފެނުނެވެ. އެއާއެކު ހުނުން ހުއްޓާލުމާއެކު އޭނާގެ ދެބުމަ ކައިރިކޮށްލެވުނެވެ. ހިތަށް ލިބިގެން ދިޔަ ނުތަނަވަސްކަމަމުންނެވެ. އަރުފީނު އެ ދިޔައީ އޭނާ ކަންތައްކުރި ގޮތުންކަން އެނގޭތީއެވެ.

“ޔަޤީނޭ އަރުފީނު ރުޅިއަރުވާލީކަން، އެކުއްޖާ އައީ މަންމަ ފޮނުވައިގެނޭ، އޭނާ ނުބުނޭތަ އެކައްޗެއް ވެސް”

“ނޫން ބުނި، އަޅުގަނޑު ޖަވާބު ވެސް ދިނިން”

“ކީކޭ ދަރިފުޅު ބުނީ”

“މަންމަ އަރުފީނުގެ ގާތުން އޮޅުންފިލުވާ، އަޅުގަނޑު އޮންނާނީ އޭނާއަށް ޖަވާބު ދީފައި، ދެން އޮތީ އޭނާގެ އަތްމަތީގައި އޮތްކަމެއް” ރުހައިލު މިހެން ބުނުމާއެކު މަޑުކުރުމެއްނެތި ހާމަފެންޑާއިން ނިކުމެގެން ހިނގައްޖެއެވެ. ވާނުވާ ނޭނގިފައި އިރުކޮޅަކު ޝާރުދާއަށް މަޑުކޮށްލެވުނެވެ.

ޖެހިގެން އައި ދުވަހު އަރުފީނުގެ ޚަބަރެއް ނުވިއެވެ. އޭނާ ޔަލާއަށް ނަގައިދޭން ބުނި ގަޑި ނެގެންނެތް ވާހަކަ ވެސް އަންގާނުލައެވެ. އޭނާ ނައުމުން އެންމެ ކަންތައް ބޮޑުވީ ޔަލާއެވެ. ރުހައިލުގެ ގާތުގައި އާދޭސްކޮށްގެން އަރުފީނުގެ ފޯނަށް ގުޅުވިއެވެ. އަރުފީނު އަންނާނެ އިރަކަށް ޔަލާ އިންތިޒާރުގައި ހުއްޓެވެ. ބޮޑުކޮޓަރީގެ ސޯފާއިން ނުތެދުވާން އެކުއްޖާ އިނީ ވެސް އަރުފީނު ކޮންމެ ވަގުތެއްގައި ވެސް އަތުވެދާނޭ ހިތައް އަރާފައެވެ.

“ޑެޑީ…. އާރްފީ ހައުސްއަށް ހިނގާ ދާން، އާރްފީ ސިކްވީތޯ ބަލަން” ބޮޑުކޮޓަރީގެ ސޯފާގައި ރުހައިލުއާ ޖެހިގެން އިން ޔަލާ ބުނެލިއެވެ. އޭރު ރުހައިލުގެ ލޯ ވެސް ކެތްތެރިކަމެއްނެތި އިންތިޒާރު ކުރަމުން ދިޔައީ ބޮޑުކޮޓަރީގެ ދޮރުން އަރުފީނު ވަންނާނެ އިރަކަށެވެ. ލިފްޓުން ނިކުމެގެން ކާކޮޓަރިއަށް ދިއުމަށް ޝާރުދާ ހުރަސްކަނޑާލީ އެވަގުތެވެ.

“މަންމާ، އަރުފީނުގެ ޚަބަރެއް ވޭތޯ ކޮންމެވެސް މީހަކަށް ގުޅަންވީނު، އެގެ ހުންނަ ތަން އެނގޭތަ؟ ޔަލާ ވެސް ވަރަށް ޝަކުވާ އެބަކުރޭ…”

“އެވާނީ ވަރަށް މުހިއްމު ކަމެއް ދިމާވެގެން މިއަދު ނާދެވުނީކަމަށް”

ޝާރުދާގެ ފަރާތުން އެއްބާރުލުން ނުލިބުމުން ރުހައިލަށް އިތުރަށް އެވާހަކަ ދައްކާކަށް ނުކެރުނެވެ. އޭނާ ވެސް އިނީ އަރުފީނަށް ވީގޮތެއް އެނގެން ބޭނުންވެފައެވެ. ކޮންމެވެސް ގޮތަކުން ރުހައިލު ދަރިފުޅަށް ވިސްނައިދިނެވެ. އަރުފީނު އެ ދުވަހު ދެން ނާންނާނެކަމެވެ. އެހެންނަމަވެސް ރުހައިލުގެ ސިކުނޑިއަށް އުނދަގޫކުރުވިއެވެ. އަރުފީނު ނައީ އޭނާގެ ސަބަބުން ބާއޭ ހިތަށް އަރާވަރުންނެވެ. އަތުގައި އޮތް ފޯނަށް ބަލަން އިންއިރު ކިތަންމެ ފަހަރަކު އަރުފީނަށް މެސެޖު ކުރަން އޭނާގެ އިނގިލިތައް ހަރަކާތްތެރި ވެލިއެވެ. ނަމަވެސް ދެ ތިން ލަފުޒު ލިޔެލާފައި މެސެޖު ފޮހެލަނީއެވެ.

* * * *

ބޯކަޅު ވިލާތަކުން ހަތަރުއުދަރެސް ބައްދަމުން ދިޔައިރު ދުނިޔެމައްޗަށް އަނދިރިކަން ވެރިވާން ފަށައިފިއެވެ. ޖެހިލާ ވައިރޯޅިތައް ދަނީ މަގުގައި ހުރިއްޔާ ހުރި ހިރަފުހެއް ގޮވައިގެންނެވެ. އޮފީހުގެ ދޮރުމަތީ މަޑުކޮށްލައިގެން ހުރި އަރުފީނު އޭނާގެ އިސްތަށިގަނޑު އަތައް އޮޅާލުމާއެކު އެއްފަރާތަށް ހުޅި އެއްޖަހާލިއެވެ. އެވަރުން ވެސް އޭނާގެ މޫނުމައްޗަށް އިސްތަށިކޮޅުތަކުގެ ގޯނާ ނުފޯރައެއް ނުދިޔައެވެ. އިރުއިރުކޮޅާ ކަންފަތް ކައިރީ ނޫނީ އަތްފުނާ އަޅާ އުސޫލުން އިސްތަށިތައް މައިތިރިކޮށް ރީތިކުރެވޭތޯ އުޅެއެވެ. ލައިގެން ހުރި ހުދުކުލައިގެ ޝިފޯން އަތްދިގު ޓޮޕު ގައިގާ ތަތްލާވަރުން އެކަމާ ވެސް އަރުފީނު ހުރީ އުނދަގޫވެފައެވެ. އެހެން ހުރެ އަތުކުރީ އޮތް ގަޑިއަށް ބަލާލިއެވެ. މޫނުމަތިން ފާޅުވަމުން ދިޔައީ އޭނާ ކޮންމެވެސް ކަމަކަށް އިންތިޒާރު ކުރާކަމެވެ. އެހެން ހުއްޓާ ގިނައިރެއް ނުވެ އޭނާގެ ކުރިމައްޗަށް އައިސް މަޑުކޮށްލީ ޕްރައިވެޓް ކާރެކެވެ. ދުއްވަން އިން އުނައިސް ފެނުމާއެކު އަރުފީނުގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ. އޭނާ އަވަހަށް ކާރަށް އަރާ ހަމަޖެހިލިއެވެ.

“ވާރޭ ވެހެން ފަށައިފިއްޔާ ދެން ހުއްޓާ ވެސް ނުލާނެ ކަންނޭނގެ” އުނައިސް އިނދައި ބުނެލިއެވެ. އެހެންނަމަވެސް އެކަމާ އަރުފީނު އެއްވެސް އެއްޗެއް ނުބުންޏެވެ.

“އަރުފީ، ތިހެން ނީނދެބަލަ… ތިމާ މީހާ މޮޔަވާވަރު ވާއިރު އަދިވެސް ތި ހިތުގައިވާ އެއްޗެއް ބުނާކަށް ނުވޭތަ؟”

“ބައެއްފަހަރު ހިތުގައިވާ އެއްޗެއް ހާމަކުރުމުން އެ ހިތަށް ލިބޭ ވޭން އިތުރުވޭ، ހުރިހާ އުންމީދެއް އެކަކު ވެސް ފުރިހަމައެއް ނުވާނެ”

އަރުފީނު ކާރުން ފައިބައިގެން އައިސް ގޭޓުން އެތެރެއަށް ވަނެވެ. އަދިރިކަން ވެރިވެފައި އޮތް އިރު ބަހާރުގެ އޮތީ ދިއްލާލާފައެވެ. ބޮޑުކޮޓަރިތެރެއަށް ވަދެގެން އައި އިރު މެދުގައި އެލުވާފައި ހުރި ޗާންދަލިޔާގެ އަލިން މުޅި ތަނަށް މަޑު ރީނދޫކުލައެއް ފެތުރިފައި އޮތެވެ. ޚިޔާލެއްގައި ހުރެ މަޑުމަޑުން އައިސް ކާކޮޓަރިއަށް އަރުފީނު ވަނެވެ. އެތަނުގައި އެކަކު ވެސް ނެތެވެ. އޭނާ އެގެއަށް ނާންނަތާ ދެ ދުވަސްކޮށްފައި އައި އިރު އެ އައީ އެކަކަށް ވެސް އަންގާނުލައެވެ. މީހަކު ފެންނަން ނެތުމުން އަރުފީނު އެނބުރި ބޮޑުކޮޓަރިއަށް ނިކުތެވެ. އަދި ފޯނު ނަގާ ޝާރުދާގެ ނަންބަރަށް ގުޅާލިއެވެ.

“މިއުޅެނީ ޔަލާ ވެއްޓިގެން، މިތިބީ މަތީގައި… ޔަލާގެ ކޮޓަރީގައި….” ޝާރުދާ ފޯނުކޯލު ކަނޑާލުމާއެކު ހާސްވެފައި ހުރެ އަރުފީނު އަވަސްވެގަތީ ޔަލާގެ ކޮޓަރިއަށް ދިއުމަށެވެ.

ލިފްޓުން ނިކުން ގޮތަށް ހަލުވިކޮށް އައިސް ޔަލާގެ ކޮޓަރި ދޮރުމައްޗަށް އަރުފީނަށް އެރުން އިރު އެތަނުގައި ޝާރުދާ އާއި މަލީކުގެ އިތުރުން ރުހައިލު ވެސް ހުއްޓެވެ. އެންމެން ފެންނަނީ ހާސްވެ ކަންބޮޑުވެފައި ތިބިތަނެވެ. ޔަލާގެ ކަނާތުފައި ބެންޑޭޖުކޮށްފައި އޮއްވާ އަރުފީނަށް ފެނުނެވެ. ހަމައެއާއެކު ޔަލާ ގިސްލަ ގިސްލާފައި ރޯއަޑު އަރުފީނުގެ ކަންފަތުގައި ޖެހުނެވެ. ދުވެފައި ގޮސް އެކުއްޖާ މެޔާލާ ބޮނޑިކޮށްލަން އަރުފީނު ބޭނުންވިއެވެ. އެހެންނަމަވެސް ކުރިމަތީގައި ހުރި މަލީކު ފެނި ކުރިއަށް އެންމެ ފިޔަވަޅެއް ނޭޅުނެވެ. ޝާރުދާ އުނގަށް ލައިގެން ޔަލާ މަސަލަސް ކުރެވޭތޯ އުޅެވެ.

“ތަދުވަނީ… މާމީ… ތަދުވަނީ… ޔާއްކޮ ތަދުވަނީ… ޑެޑީ….” މުޅި ކޮޓަރީގައި ހުރީ ޔަލާގެ ރުއިމުގެ އަޑެވެ. ގިސްލަ ގިސްލާފައި ރޯއިރު އެ ކުއްޖާ ރޯތާ ވަރަށް ގިނައިރު ވެއްޖެކަން އޭނާގެ އަޑުން އެނގެއެވެ.

ދޮރުމަތީ ހުރި އަރުފީނު ފެނުމާއެކު ޔަލާއަށް މާބޮޑަށް ރޮވިއްޖެއެވެ. އެންމެން ހައިރާންކުރުވަނިވި މަންޒަރަކަށް އެކުއްޖާ އަރުފީނަށް ގޮވާލާފައި ދެއަތް ދިއްކޮށްލި ވަގުތު ވެގެން ދިޔައެވެ. އެއާއެކު ހުރިހާ ކަމެއްގެ މަތީން އަރުފީނު ހަނދާންނެތުނު ކަހަލައެވެ. އަވަހަށް އައިސް ޝާރުދާގެ އުނގުގައި އިން ޔަލާ ނަގާ އުރާލުމާއެކު އެ ކުއްޖާގެ މޫނުގައި ބޮސްދީފިއެވެ. އަދި މޭގައި ފޮރުވާލުމާއެކު ލޯބިން ވާހަކަދައްކަން ފެށިއެވެ. ޔަލާ ރޮއެ ރޮއެފާ އަރުފީނަށް އޭނާގެ ފައި ދައްކަމުން ތަދުވާ ވާހަކަ ބުނަމުން ދިޔައެވެ. ބޯ ޖަހަމުން އެ ތުއްތު ކުއްޖާގެ ވާހަކައަޑުއަހާކަން އަރުފީނު އަންގަމުން ދިޔައެވެ. އަދި ޔަލާގެ މުޅި ގައިގާ ފިރުމަން ފެށިއެވެ. އަރުފީނުގެ ކަނދުރާގައި ދެއަތް އަޅުވާލަމުން އޭނާގެ ގައިގާ ޔަލާ ބައްދާލިއެވެ. ޝާރުދާ އަވަހަށް އެއްފަރާތަށް ޖެހިލި ގޮތުން ހީވީ އޭނާ އަރުފީނަށް ތަން ދެއްކިހެނެވެ. އޭރު ދަތްތަކަށް ބާރުކޮށްލައިގެން މަލީކު ބަލަހައްޓައިގެން ހުއްޓެވެ. ޔާލާ ރޯވަރު ފެނިފައި ހަދާނެ ގޮތެއް ނޭނގިފައި ހުރި ޝަރުދާއަށް އެކުއްޖާ އަރުފީނުގެ ގާތުގައި ހަމައަކަށް އެޅެމުން ދިޔަ ތަން ފެނުމުން ތުންފަތުގައި ހިތްހަމަޖެހުމެއް ލިބިގެން ދިޔަ ކަމުގެ ހިނިތުންވުމެއް ދުވެލިއެވެ. ބަހެއް ވެސް ނުބުނެ ހުރި ރުހައިލަށް އޭނާގެ ދަރިފުޅު އަރުފީނާ ހެދި އުޅޭވަރު ފެނިފައި އޭނާގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. އެ އަސަރުތަކުން އޭނަގެ ދެ ލޯ ރޮއްވާލިއެވެ. އަވަސް އަވަހަށް އެއްއަތުން ދެ ލޯ ފުހެލި ނަމަވެސް އެ މަންޒަރު ޝާރުދާއަށް ފެނުނެވެ.

“ޔަލާ، ދަރިފުޅު އާދޭ ކާފަ ކައިރިއަށް” އަރުފީނުގެ އަތުގެތެރޭ ހަމަޖެހިލި ޔަލާ ދުރަށް ލާން މަލީކު ބޭނުންވިއެވެ. އަދި ކުރިއަށް ޖެހިލަމުން ޔަލާގެ ގައިގާ އަތްލަން ދިއްކޮށްލި އަތުގައި ވަގުތުން ރުހައިލު ހިފިއެވެ. އެއާއެކު މަލީކަށް ކޮންމެވެސް ވަރެއްގެ ސިހުމެއް ލިބިގެން ދިޔައެވެ.

ރުހައިލު ބަލާލި ގޮތުން އޭނާ ބުނަން ބޭނުންވަނީ ކީކޭކަން ދެނެގަތީ ޝާރުދާއެވެ. އެހެންވެ މަލީކުގެ އަތަށް ދަމާލަމުން އެ ކޮޓަރިން މަލީކު ގޮވައިގެން ޝާރުދާ ނިކުތެވެ. ރުހައިލު ވެސް އެމީހުންނާއެކު ނިކުމެ ޔަލާގެ ކޮޓަރި ދޮރުމަތީ މަޑުކޮށްލައިގެން ހުއްޓެވެ. ހިތްހަމަނުޖެހުނު ގޮތަކަށް މަލީކު ހަލުކޮށް ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.

ޔަލާ އުނގަށް ލައިގެން މަޑުމަޑުން ތަޅުވާލަ ތަޅުވާލަ އަރުފީނު އިނެވެ. މަޑުމަޑުން ޔަލާގެ ރުއިން ހުއްޓި އެކުއްޖާ އަރުފީނުގެ އަތުގެ ތެރޭ އޮވެ ނިދާލިއެވެ. އެހެންނަމަވެސް ގިސްލެވުން ނުހުއްޓުނެވެ. މާ ބޮޑަށް ޔަލާއަށް ރޮވުނީއެވެ. އެނދުގައި ޔަލާ ބޭއްވުމަށް އަރުފީނު އުޅުމުން ރުހައިލަށް އޭނާގެ ގާތަށް އާދެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާ އައިސް އެނދުގެ ތަންމަތި ރަނގަޅު ކޮށްލުމާއެކު އަރުފީނުގެ އަތުގައި ހިފާލިއެވެ. ރައްކާތެރިކަމާއެކު ޔަލާ ތަންމަތީގައި ބޭއްވުމަށެވެ. އެހިނދު އަރުފީނުގެ ކޯތާފަތުގައި ރުހައިލުގެ ކޯތާފަތް ޖެހުނެވެ. ޔަލާގެ މޫނަށް ބަލަހައްޓައިގެން ދެމީހުން ވެސް ތިބީ އެކަކު އަނެކަކާ ދުރަށްދާން ބޭނުންނުވެފައި ތިބިހެންނެވެ. އެހެންނަމަވެސް ފަހަތުން ހިލަމެއް ވުމާއެކު ހަރަކާތެއް ފުރަތަމަ ގެނައި އަރުފީނެވެ. އޭނާ އަވަސް އަވަހަށް ހިންދެމިލާފައި ދޮރުމަތީ ހުރި ޝާރުދާއަށް ބަލާލިއެވެ.

“މިއަދު އަޅުގަނޑު ހުރުމުގެ ބޭނުމެއްނެތް، އެންމެ ރަނގަޅުތޯ އަޅުގަނޑު ދިޔަޔަސް” އަރުފީނު ބުނެލިއެވެ.

“އަރުފީނު… މިރޭ.. މިރޭ… މިގޭގައި މަޑުކޮށްލަ ދޭންވީނު، ޔަލާއަށްޓަކައި، ޕްލީޒް….” ޝާރުދާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ރުހައިލު ފަހަތުގައި ހުރެފައި އަރުފީނާ ވާހަކަދެއްކިއެވެ.

“އެއީ ތެދެއް، ދައްތަ ވެސް ބޭނުންވަނީ އެގޮތް، އަރުފީނަށް މަޑުކޮށްލަދެވެންޏާ މިރޭ މަޑުކޮށްލަދޭން، މާދަމާއަކީ ބަންދު ދުވަހެއްނު” ޝާރުދާއަށް ރުހައިލުގެ ނިންމުން ވަރަށް ކަމުދިޔައެވެ.

“ބައްޕައަށް އަންގާލާފައި ނޫނީ މަޑުކުރާކަށް ނުކެރޭނެ” އަރުފީނު ބުނެލިއެވެ.

“މިލާން ވެސް ރަށަކުނެތް، ފަހަރެއްގައި އެކުއްޖާ ހުރި ނަމަވެސް ޔަލާ ގެންގުޅެން ތަންކޮޅެއް ފަސޭހަވާނެ، މިހާ ބޮޑު އަނިޔާއެއް ޔަލާއަށް އަދި ނުލިބޭ، އަރުފީނު ފެނުމުން ޔަލާ ވަރަށް ބޮޑަށް ހިތްހަމަޖެހުނުކަން ދައްތައަށް އެނގޭ، އޭނާ ހޭލާފައި ވަރަށް ރޯނެ….އެހާ ތަދުވާތީ އެ އުޅެނީ”

“މަންމާ، އަރުފީނަށް ހުރެވެން ނެތިއްޔާ ކޮންމެހެން އޭނާ ބަހައްޓަން މަސައްކަތްނުކުރޭ” ރުހައިލު މިހެން ބުނުމާއެކު އަރުފީނު ބަލާލީ ރުހައިލުގެ މޫނަށެވެ. އިސްދަށަށް ޖަހާލުމުން ރުހައިލުގެ މޫނު އަރުފީނަށް ރަނގަޅަށް ނުފެނުނު ކަމުގައި ވިޔަސް އޭނާގެ އަޑުގައި ހުރި ހިތްހަމަނުޖެހުން އަރުފީނަށް ނަގައިގަނެވުނެވެ. ކިތަންމެ ހިތްބިރުގަތް ނަމަވެސް އަރުފީނުގެ ހިތް އެދުނީ މިވަގުތު ރުހައިލުގެ ހިތަށް ތަދުނުކުރުމަށެވެ. އޭނާ އެދުނީ އަރުފީނަށް ކޮށްނުދެވޭނޭވަރު ކަމެއް ވެސް ނޫނެވެ.

“އަޅުގަނޑު މަޑުކޮށްދޭނަން، އެކަމަކު ބައްޕައަށް އަންގާލަންވާނެ އެއްނު، އެހެންނޫނީ އެމީހުން ވެސް ތިބޭނީ އަޅުގަނޑު ގެއަށް ނައިސްގެން ކަންބޮޑުވެފައި”

“ތީ ތެދެއް، ގެއަށް ގުޅާލާފައި އަންގާލަންވާނެ، ދައްތަ މިދަނީ އަރުފީނު ހުރުމުގެ ކަންތައް ހަމަޖައްސަން، ކުރިން ވެސް މިގޭގައި އުޅުނު ކޮޓަރި އަރުފީނަށް ހުންނާނެ….”

ޝާރުދާ ނިކުމެގެން ދިއުމާއެކު އަރުފީނު އަނެއްކާ ވެސް ބަލާލީ ރުހައިލަށެވެ. އޭނާ މަޑުމަޑުން އައިސް ޔަލާގެ ކޮޓަރީގައި ހުރި ސޯފާގައި އިށީނެވެ. އަރުފީނު އިރުކޮޅަކު މަޑުކޮށްލާފައި ޔަލާގެ އެނދުމަތީ ބޭއްވުނު ފޯނު ނަގައިން ކޮޓަރިން ބޭރަށް ނިކުމެ އާތިޤާއަށް ގުޅިއެވެ. އާތިޤާއަށާއި ޙައިދަރަށް ވެސް އަރުފީނު، ޝާރުދާގެ މާމަ ދަރިއަކަށް އެހީތެރިވުމަށް އެމީހުންގެ ގާތަށް ދާކަން އޮތީ އެނގިފައެވެ. ކަންތައްވެގެން އުޅޭގޮތް އަރުފީނު ކިޔާދިނުމުން އާތިޤާ އެއްވެސް މައްސަލައެއް ނުޖައްސައެވެ. ޔަލާގެ ކޮޓަރި ދޮރުކައިރީ ހުރެ އަރުފީނު ފޯނުން ވާހަކަދައްކަމުން ދިޔައިރު ކޮޓަރީގައި އިން ރުހައިލުގެ ކަންފަތް އަރުފީނުގެ ވާހަކަތައް އަޑުއެހުމަށް ސަމާލުވެފައި ވެއެވެ. ފޯނުކޯލު ނިންމާލާފައި އަރުފީނު އެނބުރި އައިސް ކޮޓަރިއަށް ވަނުމާއެކު ރުހައިލު އަވަސްވެގަތީ އޭނާގެ ސަމާލުގައި އަތުގައި އޮތް ފޯނަށް ހުއްޓާލުމަށެވެ.

ކޮޓަރިއަށް ވަދެހުރެ އަރުފީނު ޔަލާ އޮތް އެނދަށް ބަލާލާފައި ރުހައިލު އިން ސޯފާއަށް ބަލާލިއެވެ. ސިކުނޑީގައި އުފެދިފައިވާ ޚިޔާލަށް ގެއްލިފައި ހުރެއެވެ. ޔަލާގެ މަގަތުން އިށީންނަތަނުން އެކުއްޖާ ހޭލަފާނެތީ އެތަނުގައި އިށީނުން ރަނގަޅެއް ނުވާނެކަން އަރުފީނަށް ވިސްނެއެވެ. އަނެއްކޮޅުން ރުހައިލުގެ ގާތުގައި ސޯފާގައި އިށީންނަން ވެސް އޭނާ ހުރީ ޖެހިލުންވެފައެވެ. ސޯފާގައި ތިންމީހުން އިށީންނަހާ ތަން އޮތްއިރު ރުހައިލު އިނީ މެދުގައެވެ. ދެފަރާތުން ކުރެ ކޮންމެ ފަރާތެއްގައި އިށީންކަމުގައި ވިޔަސް އަރުފީނަށް އިށީނދެވޭނީ ރުހައިލާ ވަރަށް ކައިރީގައެވެ. ނަމަވެސް އެނޫންގޮތެއް ނެތުމުން ރުހައިލުގެ ކަނާތްފަރާތުގައި އަރުފީނު އައިސް އިށީނެވެ. އެއީ ރުހައިލު ގަސްދުގައި ކުރިކަމެއް ކަމުގައި ހީކޮށްގެން ހުރެއެވެ.

ދެމެދަށް ވެރިވެފައި އޮތް ހިމޭންކަން ނެތިކޮށްލީ ރުހައިލަށް އައި ފޯނުކޯލެވެ. އޭނާ ފޯނު ނެގުމާއެކު ވާހަކަދައްކަން ފެށީ ފަރުހާނުއާއެވެ. އެ ދެމީހުން ބައްދަލު ކުރަން ހަމަޖެހިފައި އޮއްވާ ޔަލާއަށް އަނިޔާވުމުން އެކަމުގެ މަތީން ރުހައިލު ހަނދާންނެތުނީއެވެ. ފޯނުން ވާހަކަދައްކަމުން ދިޔައިރު އޭނާ ތެދުވެގެން އެތަނުން ދާކަށް ގަސްދެއް ނުކުރިއެވެ. އޭނާގެ ވާހަކަތައް އަޑުއިވޭ ހިސާބުގައި ޖެހިގެން އަރުފީނު އިނީތީ އޭނާއަށް ރުހައިލު ވާހަކަދެއްކީ ފިރިހެނަކާކަން އެނގުނެވެ. އަދި ޔަލާގެ ފަޔަށް އަނިޔާ ލިބުނީ ކިހިނެއްކަން ވެސް އެނގުނީ ރުހައިލު ފޯނުން ވާހަކަދައްކާ ފަރާތަށް ކިޔާދިނުމުންނެވެ.

“ޔަލާ ހޮސްޕިޓަލަށް ގެންދިޔައިންތަ؟” ރުހައިލު ފޯނުކޯލު ނިންމާލިކަން އެނގުމުން ޔަލާއަށް ބަލަންއިން އަރުފީނު އަހާލިއެވެ.

“ހޮސްޕިޓަލުން ބެންޑޭޖުކުރީ” ރުހައިލު ބުނެލިއެވެ.

ދެންވެސް އެ ދެމެދަށް ވެރިވެގެން ދިޔައީ ހިމޭންކަމެވެ. އިސްނަގާ ވާހަކަދައްކަން އެކަކަށް ވެސް ނުކެރިފައި ތިބި ކަހަލައެވެ. ރުހައިލު ވެސް އިނީ އަރުފީނު ހިތްހަމަނުޖެހޭނޭ ފަދަ އެއްޗެއް ބުނަން ބޭނުންނުވެފައެވެ. ދަރިފުޅަށްޓަކައި އޭނާ ކަމަކު އެދުމުން އަރުފީނު އެކަން ޤަބޫލުކުރީމައެވެ. އެހެންނަމަވެސް ޝުކުރު އަދާކުރަން އޭނާ ބޭނުމެއްނުވެއެވެ.

“ހިނގާ ސައިބޯން…” ޔަލާގެ ކޮޓަރިތެރެއަށް ބޯދިއްކޮށްލަމުން ޝާރުދާ ބުނެލިއެވެ.

“އަޅުގަނޑު މިއައީ ސައިބޮއެގެން” އަރުފީނު ހިނިތުންވެލަން މަސައްކަތް ކުރަމުން ޝާރުދާއަށް ބުނެލިއެވެ.

“ދައްތަ މިބުނީ ސައިނުބޮއެ އިންނާނެ ކަމަކަށް ނޫނޭ، ރުހައިލު، ދަރިފުޅު ވެސް އާދޭ…”

“އަޅުގަނޑު ޔަލާ ގާތު މަޑުކޮށްލާނަން” އަރުފީނު އަވަސްއަވަހަށް ބުނެލިއެވެ.

“އެންމެ ރަނގަޅު، އެކަމަކު ރުހައިލު ސައިބޯންވާނެ، އަންނާނަން ބައްޕައަށް ގޮވާފައި، ދަރިފުޅު ދޭ ކާކޮޓަރިއަށް” ޝާރުދާ މިހެން ބުނެފައި ހިނގައިގަތި އޭނާގެ ކޮޓަރިއާ ދިމާއަށެވެ. މަލީކު ކޮޓަރިއަށް ދިޔަގޮތަށް ނުނިކުންނާތީ ސައިބޯން ދާން އޭނާއަށް ގޮވުމަށެވެ.

ރުހައިލު ނޫންގޮތަކަށް ލޮލުގެ ހިމަކޮޅުން ޖެހިގެން އިން އަރުފީނަށް ބަލާލިއެވެ. އަރުފީނު، ޔަލާ ގެނެސް އަތުގެތެރެއަށްލާ ބޮނޑިކޮށްލި ގޮތް ރުހައިލުގެ ސިކުނޑީގައި ސިފަވުމާއެކު އޭނާގެ ހިތަށް ބުނެދޭންނޭނގޭ ގޮތްތަކެއް ވެގެން ދިޔައެވެ. ހިތަށް އިހުސާސްކުރެވުނު ތަދުން ލިބުނީ އިތުރު ވޭނެއްކަމެއް ނޫނީ ފޮނިކަމެއްކަން ބަޔާންކުރުމަށް އޭނާގެ ސިކުނޑި ނުކުޅެދުނެވެ. ނަމަވެސް އަރުފީނު އެހާ ގާތުން ފެންނަން އިނުމުން އޭނާއާ ދުރަށް ދިއުން ރުހައިލަށް ފަސޭހައެއްނުވިއެވެ. މަޑުމަޑުން ތެދުވަން އުޅެފައި ވެސް ރުހައިލު ޖެހިލީ އަރުފީނުގެ ގާތަށެވެ. އެއާއެކު ސިހިގެން ގޮސްފައި އަރުފީނު ފުންމައިގެން ތެދުވެއްޖެއެވެ. ހަމައެވަގުތު ރުހައިލު އެއްލި އަތުން އަރުފީނުގެ އަތުގައި ހިފާލިއެވެ.

“ދައްތަ އަތުވެދާނެ…” ރުހައިލުގެ އަތް ނައްޓުވާލުމަށް އަރުފީނު އުޅުނެވެ. ނަމަވެސް ހުއްޓުން އަރާފައި ރުހައިލު ހުރިގޮތަށް ހުރީއެވެ. އަރުފީނު ހާސްވަމުން ދިޔަވަރަކަށް އޭނާގެ އަތްތިލަ އައީ ފިނިވަމުންނެވެ. އެކަން ރުހައިލަށް ވެސް އިހުސާސްކުރެވުނެވެ. އެންމެފަހުން އަރުފީނުގެ އަތުން އޭނާ ދޫކޮށްލީ ޝަރުދާ ވާހަކަދައްކާއަޑު އިވުމުންނެވެ. އަދި މަޑުކުރުމެއްނެތި ޔަލާގެ ކޮޓަރިން ނިކުމެގެން ރުހައިލު ހިނގައްޖެއެވެ. އެއާއެކު ހަމަޖެހުމުގެ ނޭވާއެއް އަރުފީނު ބޭރުކޮށްލިއެވެ. ހީވީ އެ ހުރިހާއިރު އޭނާގެ ނޭވާ ހުރީ އެތެރެހަށީގައި ތާށިވެފައި ހެންނެވެ. ރުހައިލު ދިޔައީތޯ ޔަޤީންކޮށްލުމަށް އަރުފީނު ކޮޓަރިން ބޭރަށް ބޯދިއްކޮށްލިއެވެ.

ސައިބޮއެގެން ޝާރުދާ ވެސް އައީ ޔަލާގެ ކޮޓަރިއަށެވެ. އެތަނުގައި އަބަދު ވެސް ކޮންމެވެސް އެކަކު އިނދެއެވެ. އެހެންނަމަވެސް މަލީކެއް ނުފެނެއެވެ. ރުހައިލު، މަލީކުގެ އަތުގައި ހިފެހެއްޓިފަހުން އޭނާ އެ ކޮޓަރިއަކަށް ނުވަދެއެވެ. ނަމަވެސް ސައިބޯން އިން އިރު އަރުފީނު އެރޭ އެގޭގައި މަޑުކުރާ ވާހަކަ ޝާރުދާ ބުނުމުން މަލީކު އެކަމާ ހިތްހަމަނުޖެހުން ފާޅުކުރިއެވެ. އެކަމާ އެއްޗެއް ނުބުނެ ރުހައިލު އިނެއްކަމަކު ޝާރުދާ ދެކޮޅު ހެދިއެވެ. މަލީކަށް ނުވިސްނުނަސް ޔަލާއަށް މިވަގުތު އެންމެ މުހިއްމީ އަރުފީނުކަމުގައި ޝާރުދާ ބުންޏެވެ. ދެމަފިރިންގެ ދެމެދުގައި އުފެދުނު ޚިޔާލު ތަފާތުވުމާއެކު ރުހައިލަށް އޭނާގެ ބައްޕައަށް އަރުފީނު ބަލައިގަތުން ފަސޭހަނޫންކަން ދޭހަވިއެވެ. އަދި އަރުފީނު އެގެއަށް އައުމަކީ މަލީކު އެހާ ތަރުހީބުދޭކަމެއް ނޫންކަން ވެސް އެނގުނެވެ. ނަމަވެސް ރުހައިލު އެއްޗެއް ބުނަން ގަސްދުނުކުރީ އަރުފީނާ އެއްކޮޅަށް މަންމަ ވަކާލާތުކުރާތަން ފެނިފައެވެ. އެކަމަކު އެތަނުގައި އިތުރަށް އިނުން ރުހައިލަށް ފަސޭހަކަމަކަށް ނުވިއެވެ. ކުއްލިގޮތަކަށް އޭނާ ތެދުވެގެން ދިޔުމާއެކު މަލީކު ހިމޭންވިއެވެ. އެހިނދު ޝާރުދާގެ ނިންމުން އިއްވާލިއެވެ. އެރޭ އަރުފީނު ހުންނާނީ އެގޭގައިކަމެވެ.

އިޝާ ނަމާދުކޮށްލައިގެން ޝާރުދާ ކޮޓަރިން ނިކުތީ ރޭގަނޑުގެ ކެއުން ތައްޔާރުކުރާށެވެ. އެހެންނަމަވެސް އޭނާގެ ލޮލުގައި ރުހައިލު އަޅައިގަތީ ޔަލާގެ ކޮޓަރީގެ ދޮރުކަނީގައި ލެނގިލައިގެން ހުރި ގޮތުންނެވެ. މަޑުމަޑުން އައިސް ރުހައިލުގެ ކޮނޑުގައި ފިރުމާލަމުން ޝާރުދާ އޭނާގެ ބޮލުން ރުހައިލަށް އިޝާރާތްކޮށްލީ އޭނާއާއެކު އައުމަށެވެ. ލައިގެން ހުރި ޖިންސުގެ އަރިމަތީ ޖީބަށް ދެއަތްކޮށްޕާލައިގެން ހުރި ރުހައިލު މަޑުމަޑުން ޝާރުދާއާއެކު ހިނގައިގަތެވެ. ދެމައިންގެ މިސްރާބު ހުރީ ލިފްޓާ ދިމާއަށެވެ.

“ބައްޕަ ދެއްކި ވާހަކައިން ހިތްހަމަނުޖެހިފަތަ ތިހުންނަނީ” ޝާރުދާ އަހާލިއެވެ.

“ނޫން” ރުހައިލުގެ ޖަވާބު ކުރެވެ. އޭނާގެ ނަޒަރު ހުރީ ނަގަމުން ދިޔަ ފިޔަވަޅުތަކަށް ހުއްޓިފައި ހުރި ހެންނެވެ.

“ދަރިފުޅު ވިސްނާލާކަށްނުވޭތަ؟ މަންމަ ދައްކަނީ ރަނގަޅުވާހަކައެއްކަން މިހާރު ރުހައިލަށް ވިސްނޭނެ، މިއަދު އަރުފީނު ފެނުމުން ޔަލާ އުޅުނުގޮތް ދަރިފުޅަށް ވެސް ފެނުނު، އެކަމުން ދަރިފުޅަށް ކުރި އަސަރު ވެސް މަންމަ ދެނަހުރިން… ރުހައިލު، ދަރިފުޅަށް އަދި އަނތްބަކު ބޭނުންނުވިޔަސް ޔަލާއަށް މަންމައަކު ބޭނުންވޭ، އަދިވެސް ނުވޭތަ ޔަލާއަށް މަންމައަކު ހޯދާދޭކަށް…”

ޝާރުދާ ދެއްކި ވާހަކައަށް ރުހައިލު އެއްވެސް އެއްޗެއް ނުބުންޏެވެ. އޭނާ އަނގައިން ބުނޭތޯ ޝާރުދާ މަޑުކުރިއެވެ. ނަމަވެސް އެއްޗެއް ނުބުނާނެހެން ހީވުމުން އަނެއްކާ ވެސް ޝާރުދާ ވާހަކަދައްކަން ފެށިއެވެ.

“ދަރިފުޅާ، ތީ މީހާރު އެކަނި ހުރި ނަފުސެއްނޫނޭ، މަންމަ ދަރިފުޅަށް މަޖުބޫރުކުރަނީއެއްނޫން، މަންމައަށް އެނގޭ ޔަލާ ބަލަން މީހަކު މިގެއަށް ގެނެވިދާނެކަން، އެކުއްޖާ ބޭނުންވާ ހުރިހާ އެއްޗެއް ހޯދާދެވިދާނެކަން، ﷲ އިރާދަކުރެއްވިއްޔާ އެހާ ތަނަވަސްކަން އަހަރުމެންގެ އެބަހުރިކަން، އެކަމަކު އެކުއްޖާދެކެ ލޯބިން އަމިއްލަ ދަރިއަކު ފަދައިން ތަރުބިއްޔަތު ކުރާނެ މައެއް އެ ފައިސާއަށް ގެނެވިދާނެތަ؟ ނައިރާއާ ނުލާ ދަރިފުޅަށް އުޅެން އެނގުނަސް ޔަލާއަކީ އަދި ތަންދޮރުއޮޅުން ނުފިލާ ކުޑަކުޑަ ކުއްޖެއް…. ސުކޫލު ދޮށުން ކުދިންގެ މަންމައިން އުޅޭގޮތް ފެނުމުން އެކުއްޖާ ވެސް އެމަންޒަރު ބަލަންހުންނަނީ އެ ފަދަ ކަމަކަށް ބޭނުންވެފައި ހުންނަހެން… މިހާރު ދަރިފުޅު ދިރިއުޅުމެއް ފެށީމާ އެމީހާ އާއި ޔަލާއާ ދެމެދު އޮންނަ ގުޅުން ރަނގަޅުވާނީ ވެސް، …… މިހާރު ތިއިނީ މިތަނުން ދާން ބޭނުންވެފަ ދޯ، މަންމައަށް އެނގޭ މިކަހަލަ ވާހަކައެއް ދައްކަންޏާ ރުހައިލު އަޑުއަހާ ހިތެއްނުވާނެކަން”

“މަންމާ! އަޅުގަނޑަށް ލޯބި އެނގުނު ދުވަހުން ފެށިގެން ދިރިއުޅުމަށް ގެންނާނެ ކުއްޖަކު ވަނީ ޚިޔާރުކޮށްފައި… އެކަމަކު… އެކަމަކު… އޭނާ އަޅުގަނޑުގެ ދިރިއުޅުމަށް އަންނަން ބޭނުންނުވަނީ ކީއްވެކަމެއް ނޭނގޭ، އަޅުގަނޑަށްޓަކައި އެ ހިތުގައި ލޯބިވާކަން އޭނާގެ ދެ ލޮލުން ދުށިން…. އެހެންވިޔަސް އޭނާގެ ދުލުން ހާމަކުރަނީ އެއާ މުޅިން އިނދިކޮޅަށް… އަޅުގަނޑުގެ މި އެކަނިވެރިކަން ފިލުވާދެވޭނެ ފަރާތަކީ އެއީ… ޔަލާއަށްޓަކައި އަޅުގަނޑު ޚިޔާރުކުރި ފަރާތަކީ ވެސް އެއީ…” އިސްޖަހާލައިގެން ކާމޭޒު ދޮށުގައި ރުހައިލު އިންއިރު އޭނާގެ ދެ ލޯވަނީ ފެންކަޅިވެފައެވެ. ޝާރުދާގެ ވާހަކަތަކަށް އޭނާގެ ފަރާތުން ޖަވާބެއް ނައިކަމުގައި ވިޔަސް އޭނާގެ ހިތުގެ ދޫ ހަރަކާތްކުރިއެވެ. އެއަޑު ޝާރުދާއާ ހަމައަށް ނުފޯރާނޭކަން ރުހައިލަށް އެނގެއެވެ. އެހެންނަމަވެސް އޭނާގެ ހިތަށްވަނީ ވަރަށް ބޮޑު ވޭނެއް ލިބިފައެވެ.

ކާކޮޓަރީގެ ކުޑަދޮރުން ވިދުވަރެއް ކެނޑިގެން ދިޔަތަން ފެނުނެވެ. މަދުސުކުންތު ކޮޅަކާއެކު ގުގުރާލި އަޑުއިވިގެންދިޔައެވެ. ކަންބޮޑުވެފައި ޝާރުދާ ކުޑަދޮރަށް ބަލާލިއެވެ. އެވަގުތު ރުހައިލު އެއްއަތުން އޭނާގެ ލޯ ފުހެލިއެވެ. އަދި ތެދުވެގެން ހިނގައިގަންނަމުން ޔަލާގެ ގާތަށް ދަނީ ކަމުގައި ބުނެލިއެވެ.

ބޯކޮށް ވެހެންފެށި ވާރޭ ހުއްޓުމަކަށް ނައެވެ. ގަދަވަޔާއެކު ވާރޭގެ އަޑު ގަދަވެއެވެ. ދޭތެރެއަކުން ވިދުވަރެއް ކެނޑިގެން ދިއުމާއެކު ގުގުރާލައެވެ. ދުނިޔެމައްޗަށް ތޫފާނެއް އައިސްފައިވާ ރެއެކެވެ. އެންމެން ކޮޓަރިތަކަށް ވަދެ ފިނިކަމުން ސަލާމަތްވުމާއެކު އަރާމު ނިންޖަކުން ނިދާލެވޭތޯ އުޅެއެވެ. މަލީކުގެ ދެމަފިރިން ކޮޓަރިއަށް އައީ ޔަލާގެ އެނދުގައި ރުހައިލު އޮށޯތުމުންނެވެ. އަރުފީނު ވެސް އޭނާއަށް ޚާއްޞަކުރެވިފައި ހުރި ކޮޓަރިއަށް އައިސް ވަނެވެ.

އެނދުގައި އޮންނަތާ އެތައް އިރެއް ވީއިރު ވެސް އަރުފީނަކަށް ނުނިދުނެވެ. އެ ކޮޓަރީގައި އޭނާ އޮންނަން ޖެހުމުން މާޒީގެ އެތައް ޚިޔާލުތަކެއް އެއްފަހަރާ ސިކުނޑިއަށް ބޮނޑިވެގަތީއެވެ. ހިތަށް ތަދުކުރާވަރު އިތުރުވެގެން ދިޔައީއެވެ. ބަންދުވެފައި ހުރި ކޮޓަރީގެ ތެރެއަށް ވާރޭ ވެހޭއަޑު އިވެނީ ކިރިޔާއެވެ. އެނދުގައި ނޯވެވިގެން އަރުފީނު ތެދުވީ ނުނިދޭނޭކަން ޔަޤީންވުމުން ކަހަލައެވެ. ދޮރުހުޅުވާލަމުން ރުހައިލު އޭނާއަށް އެރޭ ލުމަށްދިން ޓީޝާޓު ލައިގެން ހުރެ ފުރަގަހުން ދަމާލާފައި ސިއްރުން ދެ ފަރާތް ބަލާލިއެވެ. މީހަކު ފެންނަން ނެތުމުން ސިއްރު ފިޔަވަޅުތަކެއް އަޅަމުން ސިޑިން މައްޗަށް އެރިއެވެ.

ހާމަފެންޑާގެ ހިޔާކޮށްފައި ހުރި ބައިގެ ބިއްލޫރުދޮރުތަކަށް ވާރޭ ތިކިތަކުގެ ލަޝްކަރެއް ހަމަލާދެމުން ދިޔައިރު އާދަޔާ ޚިލާފަށް ވައިގަދައެވެ. ވާރޭގެ މިސްރާބު ބައެއްފަހަރަށް އެނބުރެމުންދާ ބާރު ވައިރޯޅިތައް ބަދަލުކޮށްލައެވެ. ކަޅު އަނދިރިކަމުން އުދަރެސްބައްދާލުމާއެކު ދުނިޔެމައްޗަށް ބިރުވެރިކަމެއް ވެރިވެފައި ވާކަހަލައެވެ. ފިނިން ސަލާމަތްވުމަށް މޭމަތިން ދެއަތްހުރަސްކޮށްލާ އެއްއަތުން އަނެއްއަތުގައި ފިރުމަމުން އަރުފީނު އައިސް ހާމަފެންޑާގެ ބިއްލޫރި ދޮރުކުރިމަތީ ހުއްޓުނެވެ. އެއްފަރާތަކަށް ވާގޮތަށް ހަށިގަނޑު ބިއްލޫރިގަނޑުގައި ޖައްސާލުމާއެކު އަރިކޮށްލި ބޯ މަޑުމަޑުން ޖައްސާލިއެވެ. ދުރުން ފެންނަނީ ކަޅު އަނދިރިކަން ނަމަވެސް އަރުފީނުގެ ލޯ ކުރިމަތިން ފެންނަމުން ދިޔައީ މުޅިން އެހެން މަންޒަރެކެވެ. އޭނާގެ އަމިއްލަ ހިތާ ދުރަށް ދުވެދުވެ ވަރުބަލި ވެފައި ވާކަހަލައެވެ. ކުރިއަށްވުރެ ދެއަތުން ހަށިގަނޑު ހިފަހައްޓާލާ ބާރުކޮށްލިއެވެ. އަދި އެ ދެ ލޯ މަރާލީ ފުން ޚިޔާލެއްގެ ތެރެއަށް ގެއްލިގެން ދިޔަ ފަދަ ގޮތަކަށެވެ. ވެހެމުންދިޔަ ބޯވާރޭގެ އަޑު ފިޔަވައި ދުނިޔެމަތި އޮތީ ހިމޭންވެފައެވެ. އެ ގަދަ ތޫފާނުގެ ތެރެއަށް ނަފުސު ދޫކޮށްލަން އަރުފީނު ބޭނުންވެފައި ހުރި ކަހަލައެވެ. ބޭރުކޮށްލި ފުންނޭވާއާއެކު ހަށިގަނޑު ދޫކޮށްލީ ދެފައިގެ ބާރަށެވެ. ކޮޅަށް އެތަނުގައި ހުރުމަށްޓަކައެވެ.

ލޯ މަރާލައިގެން އޮތް ރުހައިލު ލޯ ހުޅުވާލީ ޔަލާ ކުކުރާލީމައެވެ. ކުޑަކޮށް ހޭލަން އުޅެފައި ވެސް ރުހައިލު އެކުއްޖާގެ ގާތަށް ބާލީސް ޖައްސާލުމުން އަރާމުކޮށް ބައްދާލާފައި ގަދަ ނިދީގެ ތެރެއަށް އެނބުރި ދިޔައެވެ. ޔަލާއަށް ބަލަން އިރުކޮޅަކު އޮތުމަށްފަހު ރުހައިލު ތެދުވިއެވެ. މުޅި ރޭ އޭނާގެ ސިކުނޑި ކަމުންދަނީ އަރުފީނުގެ ޚިޔާލުތަކުންނެވެ. އޭނާ ނިދީތޯ ބަލާލުމުގެ ޝައުގުވެރިކަން ހިތުގައި އޮތެވެ. ނަމަވެސް އެކަމަށް އިޖާބަ ނުދޭން އޭނާ ވަރަށް އިރު ކެތްކޮށްފިއެވެ. ކޮޅަށް ތެދުވެވުނީ ހިތުގެ އެދުމަށް ފުރަގަސްދޭން ކުރި ހުރިހާ މަސައްކަތެއް ބޭކާރުވުމުންނެވެ. މަޑުމަޑުން ޔަލާގެ ކޮޓަރިން ނިކުންނަމުން އަދިވެސް އެއްފަހަރު އެ ދަރިފުޅަށް ބަލާލިއެވެ. އޮތީ ގަދައަށް ނިދާފައިކަން އެނގުމުން ރުހައިލުގެ މިސްރާބުހުރީ އަރުފީނުގެ ކޮޓަރިއާ ދިމާއަށެވެ.

އަރުފީނުގެ ކޮޓަރި ދޮރުމަތީ އިރުކޮޅަކު ރުހައިލު ހުރުމަށްފަހު އަތްހިއްލާ ލެވުނީ އެ ކޮޓަރީގެ ދޮރުގައި ޓަކި ދިނުމަށެވެ. ނަމަވެސް އެހާ އަވަހަށް އޭނާ އަތް ތިރިކޮށްލިއެވެ. ޓަކި ޖެހުމުން ފަހަރެއްގައި އިތުރު މީހަކަށް އަޑުއިވިދާނޭތީއެވެ. ޖީބުގައި އޮތް ފޯނު ނަގާ އަރުފީނުގެ ނަންބަރަށް ގުޅަން ނުގުޅަން ހުރެފައި އެންމެފަހުން ގުޅާލައިފިއެވެ. ކަންފަތުގައި ފޯނު ޖައްސާލައިގެން އެ ކޮޓަރީގެ ހުރަސްކަނޑާލަ ކަނޑާލާ ހުއްޓެވެ. ދެތިން ފަހަރު ގުޅުމުން އަރުފީނު ފޯނެއް ނުނެގިއެވެ. އެނބުރިދާން ރުހައިލު ހިނގައިގެންފަ ވެސް އޭނާގެ ހިތް ބަދަލުވި ކަހަލައެވެ. ރުހައިލު އައިސް އަރުފީނުގެ ކޮޓަރީގެ ދޮރު ހުޅުވާލަން އަތްގަނޑުގައި ހިފާލިއެވެ. އެއާއެކު އެއްވެސް އުނދަގުލަކާ ނުލާ ދޮރުހުޅުވިއްޖެއެވެ. އެހިނދު ނިކަން ބާރަށް ރުހައިލުގެ ހިތް ތެޅިގަތެވެ. ނޭވާ ހިފަހައްޓާލައިގެން ހުރި ފަދަ ގޮތަކަށް އެ ކޮޓަރިއަށް ފިޔަވަޅު އަޅާލިއެވެ. ދިއްލާފައި ހުރި ހުދު އަލީގައި ކޮޓަރިތެރެ ސާފުކޮށް ފެނުނެވެ. ރޫޖެހިފައި އޮތް އެނދުގައި އަރުފީނެއް ނެތެވެ. ހަމައެވަގުތު ރުހައިލު އެ ކޮޓަރިން ނިކުމެ ދޮރުލައްޕާލި ގޮތުން ހީވީ އަރުފީނު ވީތަނެއް އެނގުނީ ހެންނެވެ.

ހަލުވިކޮށް އެއްފަހަރާ ދެ ހަރުފަތް ގިރާ ކުރަމުން ފުންމަމުން ކަހަލަ ގޮތަކަށް ރުހައިލު އައިސް މަޑުކޮށްލީ ހާމަފެންޑާގައެވެ. އޭރު ކުޑަކޮށް ހުޅުވާލައިގެން ބިއްލޫރި ދޮރުގައި ލެނގިލައިގެން އަރުފީނު ހުއްޓެވެ. އޭނާގެ ދޫކޮށްލެވިފައިވާ އިސްތަށިގަނޑު އެއްވެސް ތަރުތީބެއްނެތި ވަޔާ ވިހުރެމުން ދިޔައިރު ފެންތިކިތައް ހީވަނީ އަރުފީނާ ހަނގުރާމައެއް ފަށައިގެން އުޅޭހެނެވެ. އޭނާ ހުރީ އަމާންދީގެން ހުރި މީހަކު ފަދައިންނެވެ. ކުރާ ގޯނާތަކުން ސަލާމަތްވުމަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ.

ނޭނގޭ ދަމާބާރަކުން އަރުފީނުގެ ގާތަށް އައުމަށް ރުހައިލަށް ބާރުއަޅަން ފެށި ކަހަލައެވެ. މަޑުމަޑުން ކުރިއަށް ފިޔަވަޅު އަޅަމުން އައިސް އަރުފީނުގެ ފަހަތުން ހުއްޓެވުމާއެކު ރުހައިލުގެ މޫނުގައި އަރުފީނުގެ އިސްތަށިތައް އައިސް ޖެހެމުން ދިޔައިރު ހީވަނީ އޭނާގެ ނަޒަރު އަރުފީނާ ވަކިކޮށްލާށޭ ބުނަން މަސައްކަތް ކުރާހެނެވެ. ނަމަވެސް އެކަން އޭނާއަކަށް ނުވިއެވެ. ގޯނާ ކުރަމުން ދިޔަ އިސްތަށިތައް އެއްއަތުން މޫނާ ވަކިކޮށްލުމާއެކު އިހުނަށްވުރެ އަރުފީނާ ގާތަށް ޖެހިލިއެވެ.

އިސްތަށިގަނޑުގައި  މީހަކު އަތްލިހެން ހީވުމުން ސިހިފައި އަރުފީނު ލޯ ހުޅުވާލުމާއެކު އެނބުރެވުނެވެ. އޭނާ ޖެހުނީ ރުހައިލުގެ މޭގައެވެ. އެހާ ގާތުގައި ރުހައިލު ހުރެދާނެކަމަކަށް އަރުފީނު ހިޔެއްނުކުރެއެވެ. ހަތަރުކަޅި ބައްދަލުވި ވަގުތު އަރުފީނުގެ މޭ ތޮރުފާލި ފަދަ އިހުސާސެއް ކުރެވިގެންދިޔައެވެ. މީގެ ކުރިން ރުހައިލުގެ ދެ ލޮލުން ފެނިފައިނުވާ ފުންކަމެއް އަރުފީނަށް ފެނިގެންދިޔައެވެ. އެ ގޮތް ނޭނގޭ ފުންކަމުގެ ތެރެއަށް ގެނބިގެންދާން އަރުފީނުގެ ހިތް ވެސް ބޭނުންވެފައި ވާކަހަލައެވެ. އަރުފީނުގެ މުލައްދަނޑީގައި ދެފަރާތުން ހިފާލުމާއެކު ރުހައިލުގެ މޭގައި އޭނާ ގެނެސް ތަތްކޮށްލިއެވެ. ދެމީހުންގެ ވިންދު އަވަސްވުމާއެކު ދެ ހިތް ބައްދަލުވިކަމުގެ އިހުސާސް ކުރެވުނެވެ. ދޫ ހަރުވާޅުގައި ހުރި ރުހައިލުގެ ތަނަވަސްމޭގައި އަރުފީނު ޖެހި ފިތިގެން ދިޔައިރު އޭނާގެ އަވަސްވެފައިވާ ނޭވާ ރުހައިލަށް އިހުސާސް ކުރެވިގެންދިޔައެވެ. ވަގުތުން ރުހައިލުގެ މޭގައި އަރުފީނަށް އަތްވިއްދާލެވުނެވެ. ދެފަރާތަށް ބޯހޫރާލި ނަމަވެސް އަރުފީނުގެ ލޮލުން ރުހައިލަށް ލިބުނީ ތަފާތު މެސެޖެކެވެ. އިސްތަށިތަކުން ފޮރުވެމުންދިޔަ އަރުފީނުގެ މޫނު ރުހައިލު އެއްއަތުން ހާމަކޮށްލިއެވެ. އަދި ލޯތްބާއެކު ކޯތާފަތުގައި އިނގިލިތަކުގެ ނުފުށުން ފިރުމާލިއެވެ. އެހިނދު އަރުފީނުގެ ނޭވާ ހުއްޓުމަކަށް އައިކަން ރުހައިލަށް ވެސް ފާހަގަކުރެވުނެވެ. މިފަހަރު ވެސް ރުހައިލުގެ ހަރަކާތްތައް ހުއްޓުވަން އަރުފީނު އުޅުނެވެ. އެހެންނަމަވެސް އެހާ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. މަރާލެވުނު ދެ ލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތީ ހިތުގައި އޮބި އަޅަމުން އައި ޖަޒުބާތުތައް ބޭޒާރުވާން ކައިރިވެއްޖެކަމުގެ ސިގުނަލް ސިކުނޑި ދިނުމުންނެވެ. ދެ ހިތުގެ އުދާސްކަމުގެތެރޭ ބެހިގެން ހިނގައިދާނެކަމަށް ހީވެ އެ ދެމެދަށް ހުރަސް އެޅުމަށް އަރުފީނު ނަގާ އަތްތިލަ ރުހައިލު ތިރިކޮށްލާއިރު ހީވަނީ އެ އަތުގެ ތެރޭ އަރުފީނު ވިރެމުން ދަނީ ހެންނެވެ. އޭނާގެ ބާރު ކެނޑި ރުހައިލުގެ ހަރަކާތްތަކަށް މަރުޚަބާ ކިޔެނީއެވެ.

ކުޑަކޮށް ހުޅުވިފައި ހުރި ދޮރުން ވިއްސަމުން ދިޔަ ވާރޭގެ ތިކިތަކުން ދެ މީހުން ވެސް ކޮންމެވެސް ވަރަކަށް ތެމެމުން ދިޔަ ނަމަވެސް އެކަމުގެ އަސަރެއް ރުހައިލާއި އަރުފީނަކަށް ނުކުރެއެވެ. ދެ މީހުންގެ ނޭވާ އިހުސާސްވާހާ ގާތުގައި އެއްހަށިގަނޑެއްގެ ގޮތުގައި ތަތްވެފައި ތިބިއިރު ރުހައިލުގެ އަތްވަނީ އަރުފީނުގެ ގައިގާ ވަށާލެވިފައެވެ. ދުވަހަކު ވެސް ދުލެއްނުކުރާނަމޭ ބުނާ ފަދައިންނެވެ. ކެތްނުކުރެވިގެން ކަހަލަ ގޮތަކަށް އަރުފީނު އިސްޖަހާލުމާއެކު އޭނާގެ ދަތްދޮޅީގައި އިނގިލިޖައްސާލަމުން ރުހައިލު އޭނާއާ ދިމާއަށް އެ މޫނު އުފުލާލިއެވެ. ނަމަވެސް މިފަހަރު އަރުފީނުގެ ދެ ލޯ ވަނީ މެރިފައެވެ. އަރުފީނު ދިން ދަޢުވަތެއްކަމުގައި ރުހައިލުގެ ހިތް ބުނެލިއެވެ. އެއާއެކު މަޑުމަޑުން އަރުފީނުގެ މޫނުގައި ބޮސްދޭން ފެށިއެވެ. ދުވަހަކު ވެސް ނުކުރެވޭ ފަދަ އައު އިހުސާސެއް އަރުފީނަށް ކުރެވެން ފެށުނެވެ. ފޫޅަށް ވައިއަރާހެން ވެސް އޭނާއަށް ހީވެއެވެ. އިހުނަށްވުރެ ބޮޑަށް ރުހައިލުގެ ގައިގާ ބައްދާލެވުނީ އެހެންވެއެވެ. ރުހައިލު ވެސް އޭނާގެ އަތުގެތެރޭ އަރުފީނު ފިއްތާލިއެވެ. ދުވަހަކު ވެސް ފިރިހެނަކު ބީހިފައިނުވާ އަރުފީނުގެ ތުންފަތުގައި ރުހައިލު ބީހިލުމާއެކު މުޅި ހަށިގަނޑު ވެސް ރުހައިލުގެ އަތުގެ ތެރެއަށް އަރުފީނަށް ދޫކޮށްލެވުނެވެ. ދެމެދުގައި އަވަސްވެފައިވާ ނޭވާ ކޮޅުންލަމުން ދަނިކޮށް ކުއްލިއަކަށް އަރުފީނަށް ވީގޮތެއް ނޭނގުނެވެ. ރުހައިލު ކޮށްޕާލާފައި ދޮރުފަތް ކަހާލަމުން ވާރޭގެ ތެރެއަށް ދުއްވައިގަތެވެ. ނުވިސްނާ ހުރި ރުހައިލު ސިހުނެވެ. އެހެންނަމަވެސް އޭނާއަށް މަޑެއް ނުކުރެވުނެވެ. ދުވެފައި އައިސް އަރުފީނުގެ ފުރަގަހުން އޭނާގެ ދެއަތް ވަށާލިއެވެ. އޭރު ހަމަ ރަނގަޅަށް ވެސް އަރުފީނަށް ރޮވިއްޖެއެވެ. ތުންފަތުގައި ފިރުމާލުމާއެކު މޫނުގައި އަރުފީނު ދެއަތްއެޅުމުން ރުހައިލު އައިސް އަރުފީނުގެ ކުރިމަތީ ހުއްޓުނެވެ.

“ނޫން! ނޫން! މީ ގޯހެއް… އަހަރެން… އަހަރުމެން ދެ މީހުންނަށް ދުވަހަކު ވެސް އެކުގައި ނޫޅެވޭނެ…” އަރުފީނުގެ މޫނުގައިވާ އަތްތިލަ ރުހައިލު ނައްޓާލުމުން ދެފަރާތަށް ބޯހޫރަމުން ވާހަކަދެއްކިއެވެ.

“ކީއްވެ؟ އަހަރެންގެ އުނިކަމެއް ހުރީތަ؟”

“ނޫން!…. ކޮންމެ އަންހެންކުއްޖަކު ވެސް އުފަލުން ރުހައިލު ޤަބޫލުކުރާނެ، އެކަމަކު އަހަންނަށް އެ ނަސީބެއްނެތް، އައި އެމް ސޮރީ… އައި އެމް ސޮރީ ރުހައިލު”

ރުހައިލާ ދުރަށް އަރުފީނު ދާން ފެށުމުން ކުއްލިއަކަށް އަރުފީނުގެ އަތުގައި ހިފާ ދަމައިގަތެވެ. އަރުފީނު އައިސް އޭނާގެ ގައިގާ ޖެހުމާއެކު އަރުފީނުގެ ރުހުމެއް ހޯދުމެއްނެތި ދެވަނަ ފަރަށް އޭނާގެ ތުންފަތުގައި ބީހިލިއެވެ. މި ފަހަރު ރުހައިލު އޭނާގެ އަތުގެތެރެއިން އަރުފީނު ސަލާމަތްވެގެން ދިޔަކަ ނުދިނެވެ. އެކަން އެނގުމުން އަރުފީނަށް ވެސް އިތުރަށް ދެކޮޅެއް ނުހެދުނެވެ. ރުހައިލުގެ މޫނާ މޫނު ވަކިވުމާއެކު އެ ތަނަވަސް މޭގައި އަރުފީނުގެ މޫނު ފޮރުވާލިއެވެ. ވެހެމުންދިޔަ ބޯވާރޭގެ ތެރޭ ދެމީހުން ވެސް ތިބީ ތެމިފޯވެފައެވެ. ވަޔާއެކު ބިމުން މައްޗަށް އެރި ފަތެއްހާ ލުއިކޮށް ރުހައިލުގެ އަތްދަނޑިމައްޗަށް އޭނާ އަރުފީނު އުފުލާލިއެވެ. އަދި އައިސް ހާމަފެންޑާގެ ހިޔާކޮށްފައި ހުރި ބަޔަށް ވަދެ ރުހައިލުގެ ފައިން ބިއްލޫރު ދޮރު ކޮށްޕާލަމުން ދޮރު ލައްޕާލިއެވެ. ވާރޭގެ ތިކިތަކުން ކުޅެމުން ދިޔަ މިއުޒިކާ އެއްވަރަށް ފައިހަމަކުރަމުން ކަހަލަ ގޮތަކަށް އައި ރުހައިލު ކާޕެޓުމަތީ އަރުފީނު ބޭއްވުމާއެކު އޭނާގެ ގާތުގައި ކުރުއަތްމައްޗަށް ޖައްސައިލިއެވެ. އޭނާގެ ތޫނު ބެލުންތަކުން ސަލާމަތްވުމަށްޓަކައި އަރުފީނު އޭނާގެ މޫނު އަނބުރާލިއެވެ. ރުހައިލުގެ މުޅި ހަށިގަނޑު އަރުފީނަށްޓަކައި ގޮވާލި ނަމަވެސް އޭނާގެ ޟަމީރު އެކަމަށް އިޖާބައެއް ނުދިނެވެ. ކިތަންމެ ކުޑަ ކޫރުމެއް ވެސް އޭނާގެ އަތުން އަރުފީނުގެ ހަށިގަނޑުގައި އެޅޭކަށް ނޭދެއެވެ. ނަމަވެސް އޭނާގެ ޢަމަލުތައް ހުރި ގޮތުން އަމިއްލަ ނަފުސު ހިފެހެއްޓީދާނޭކަމުގެ ބިރު އުފެދިފައިވެއެވެ.

ދަތްތައް ބާރުކޮށްލުމާއެކު ދެ ލޯ މަރާ ތަގުޅިކޮށްލި ގޮތުން ހީވީ ރުހައިލު އޭނާގެ އަމިއްލަ ނަފުސު ވީއްލިގެން ހިނގައިދާނޭތީ ހިފަހައްޓަން މަސައްކަތްކުރި ހެނެވެ. ފުންނޭވާތަކެއް ލުމާއެކު އަރުފީނުގެ ބަނޑުމަތިން ހުރަސްކޮށްލެވިފައި އޮތް އަތްނަގާ އޭނާއާ ކުޑަކޮށް ދުރަށް ޖެހިލިއެވެ. އަދި ބަންޑުން ޖެހިލަމުން ޖޯޑުކޮށްލި ދެއަތްތިލާގައި ނިތްކުރި ގެނެސް ޖައްސާލިއެވެ. އޭރު ވެސް އަރުފީނު ހީވަނީ ގުޑިލަން ނުކެރިފައި އޮތް ހެނެވެ. އޭނާއަށް ރުހައިލު ދުރަށް ޖެހިލިކަމުގެ އިހުސާސްވުމުން ވެސް ލޯ ހުޅުވާލަން ނުކެރުނީ ކަންނޭނގެއެވެ. އެއަށްވުރެ ރުހައިލުއާ ދެމެދު ހިނގާ ދިޔަ ކަންތައްތަކުން އޭނާ ލަދުގަނެފައިވާ ކަހަލައެވެ.

އިރުކޮޅަކު ބަންޑުން އޮތުމަށްފަހު ރުހައިލު އޭނާގެ މޫނު އަރުފީނާ ދިމާއަށް އަނބުރާލިއެވެ. އަދި އެގޮތުގައި އަރުފީނުގެ މޫނަށް އެތައް އިރަކު ބަލަން ރުހައިލު އޮތެވެ. އޭރުވެސް މުޅިތަނުގެ ހިމޭންކަން މުގުރަމުން ދެހިތުގެ އިހުސާސްތައް ހޭލައްވަން މަސައްކަތްކުރަމުން ދިޔަ ވާރެއަށް ހުއްޓުމެއް ނާދެއެވެ. ލައިގެން އޮތް ޓީޝާޓުގައި ހިފާ އެއްއަތުން ދަމާލަމުން މަޑުމަޑުން އަރުފީނު ތެދުވިއެވެ. އޭނާ ރުހައިލަށް ނުބަލަން މަސައްކަތްކުރާކަން ޚުދު ރުހައިލަށް ވެސް ފާހަގަކުރެވި އެ ތުންފަތުގައި ލާނެތް ހިނިތުންވުމެއް ދުވެލިއެވެ. ނަމަވެސް މިފަހަރު އަރުފީނު ހުއްޓުވާކަށް އޭނާ ނޫޅެއެވެ. އަރުފީނާ ގާތްވެއްޖެނަމަ ދެން އޭނާއަށް ކުރެވޭނީ ކޮށްގެން ނުވާނޭވަރުގެ ކަމެއްކަން އެނގޭތީ ވަގުތުއޮއްވާ އަމިއްލަ ނަފުސު ހިފެހެއްޓީއެވެ.

ތެދުވެގެން އައިސް ބިއްލޫރު ދޮރުކައިރީ އަރުފީނު މަޑުކޮށްލިއެވެ. އެ ދެ ލޮލުން ކަރުނަ ހިކިފައިވިޔަސް ހިތަށް ކުރާ އަސަރު އެ މޫނުން ފާޅުވެއެވެ. ރުހައިލު ކޮށްޕާ ދުރަށް ނުލެވުނީތީ އަމިއްލަ ނަފުސު ކުއްވެރިކުރާ ހާލު ހުރިހާ ޝަކުވާއެއް ކުރީ އަމިއްލަ ހިތާއެވެ. ނަފުސުގެ ބަލިކަށިމުން ވެސް މެއެވެ. އެހެންނަމަވެސް އެ ހިތުގައި އޮތް ލޯބި ފުންވެއްޖެއެވެ. ރުހައިލަށްޓަކައި އެހިތް ރޯ ރުއިން ވެސް އިތުރުވެއްޖެއެވެ. ހޫނުކަމެއްނެތި އެ ހަށިގަނޑު ރުހައިލުގެ ބީހުންތަކުން ފިއްސާލި ކަހަލައެވެ. ހަނދާނުން ފޮހެނުލެވޭނޭ ރެއަކަށް މިރޭ ވެގެން ހިނގައްޖެއެވެ. ޚުދު އަރުފީނު ވެސް ރުހައިލުގެ އަތުގެތެރެއިން ނިކުންނަން ބޭނުންނުވި ހިނދުކޮޅުތަކެއް ދިޔަކަން އޭނާގެ ޟަމީރު އެއްބަސްވެއެވެ. ސިކުނޑީގެ ހައިޖާނާއެކު އަރުފީނު އޭނާގެ ދެއަތްތިލާގައި މޫނު ފޮރުވާލިއެވެ. އެހުރިހާ މަންޒަރެއް ބަލަން ކުރުއަތްމައްޗަށް އޮތް ރުހައިލު ތެދުވީ ދެނެވެ.

ހާމަފެންޑާއިން ރުހައިލު ދިޔަކަމެއް އަރުފީނަކަށް ނޭނގެއެވެ. އޭނާއަށް ރެއަކާލީ ރުހައިލު ގޮވާލުމުންނެވެ. އޭރު އޭނާގެ އަތުގައި ބޮޑު ތުވާއްޔެއް އޮތެވެ. އަދި ކުރިން ލައިގެން ހުރި ދޫ ހަރުވާޅު ބަދަލުކޮށް ސޯޓެއް ލައިގެން ހުއްޓެވެ. އެއްޗެއް ނުބުނެ އަރުފީނު އައިސް ރުހައިލު ދިއްކޮށްގެން ހުރި ތުވާލީގައި ހިފިއެވެ. ނަމަވެސް ރުހައިލު ތުވާލިން ދުލެއް ނުކުރިއެވެ. މަޑުމަޑުން އައިސް އަރުފީނާ ވަރަށް ގާތުގައި ހުއްޓިލުމާއެކު އޭނާގެ ކޮނޑުގައި ހިފާ އަނބުރާލިއެވެ. އަދި ފަހަތަށް ދޫކޮށްލެވިފައި އޮތް ތެތްއިސްތަށިގަނޑުގައި ދެއަތަށް ފަތުރާލާފައި އޮތް ތުވާލު ގެނެސް ހިއްކާދޭން ފެށިއެވެ.

“ތިހާ އަންހެންވީ ކޮންއިރަކުތަ؟…. އަހަރެންގެ ސަފަރު، މިހާ އަންހެންވެދާނެއެކޭ ހިޔެއްނުކުރަން… އެކަމަކު ބުނަން، އިސްތަށިގަނޑު މިހާ ދިގުކޮށްލާފައި އޮތީމަ އަރުފީއާ ވަރަށް ގުޅޭ”

“އަހަންނަކީ އަންހެނެއްކަން ރުހައިލަށް ކުރިން ވެސް އެނގެއެއްނު”

“އާން! އެނގޭ… އެކަމަކު މިރޭ ކުރިން އެނގުނުވަރުން ބޮޑަށް އެނގިއްޖެއް، ކުރިން ކުރެވޭ ހީތައް ވެސް ޔަޤީންވެއްޖެ… ދޫކޮށްލީ ބޭނުންވެގެންނެއްނޫން، އެކަމަކު އަހަންނަށް ދުރަށްނުދެވިދާނެތީ… ނިކަމެތިކަމުން އުފާލިބިގަންނަ މީހަކަށް ވާން ބޭނުމެއްނޫން… ހިތަށް އަރާ، އަދިވެސް ބުނާނީ ހަމަ ތިޔަހިތުގައި ކުޑަ ވެސް ޖާގައެއް ނެތޭބާއޭ”

“ރުހައިލު… ހުރިހާ ހިއްސުތަކެއް ސަލާމަތުން ހުރި ކޮންމެ އިންސާނަކަށް ވެސް އެ ފަދަ ހާލަތަކަށް ދެވިދާނެ… މިއީ އަހަރެން ބޭނުންވިގޮތެއްނޫން، އަހަރެން ވެސް ހިތަށްއަރާ ރުހައިލަށް ވިސްނޭނެނަމައޭ، ދުނިޔޭގެ ހަޤީޤަތަކީ ކޮބައިކަން އެނގޭނެނަމައޭ… ފަހަރެއްގައި… ފަހަރެއްގައި އެހާ ގާތުން ބަލައިފިނަމަ ހުރިހާކަމެއް ވެސް އެނގި ފެނިދާނެ…”

ރުހައިލުގެ އަތުން ތުވާލި ނެގުމާއެކު އިސްތަށިގަނޑުގައި އޮޅާލަމުން އަރުފީނު ހިނގައިގަތީ ދުރަށެވެ. އިތުރަށް އެއްޗެއް ބުނަން ބޭނުންވި ނަމަވެސް ރުހައިލު ހިމޭންވިއެވެ. އޭނާ މިވަގުތު އަރުފީނާ ދެބަސްވާން ބޭނުންނުވާ ކަހަލައެވެ. ރުހައިލު ދައްކާނޭ ވާހަކައެއް ނޭނގި ހުރި އަރުފީނު އެތަނުގައި މަޑުކުރާކަށް ގަސްދެއްނުކުރިއެވެ. ގައިގާ ތުވާލި އޮޅާލުމާއެކު އަރުފީނު އެނބުރުނުގޮތަށް ހަލުވިކޮށް ހާމަފެންޑާއިން ނިކުމެގެން ދިޔައެވެ. އޭނާގެ ފަހަތުން ރުހައިލު އައީ ދެ ޚިޔާލެއްގައި އިނދެފައެވެ.

އަރުފީނު އައިސް ވަނީ އޭނާ ހުންނަން ހަމަޖެހިފައި ހުރި ކޮޓަރިއަށެވެ. ރުހައިލަށް އެ ހިސާބަށް އެރުނުއިރު އަރުފީނު ކޮޓަރީގެ ދޮރުލައްޕާ ތަޅުލި އަޑު ވެސް އިވުނެވެ. ދޮރާ ދިމާއަށް ބަލާލާފައި ރުހައިލު ހިނގައި ގަތީ ޔަލާގެ ކޮޓަރިއަށެވެ.

ރޭގެ ބާކީބައިގެ އަނދިރިކަން މަޑުމަޑުން އަލިކަމަށް ބަދަލުވެގެން އައިއިރު ވެސް އަރުފީނު އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. އޭނާގެ ނަޒަރު މަތީ ފަންގިފިލާއަށް ހުއްޓިފައި ހުރިއިރު އެ މޫނުގައި އެއްވެސް އަސަރެއް ނުވެއެވެ. އެހެންނަމަވެސް އޭނާގެ ދެ ލޮލުގެ ހިމަކޮޅުން ކަރުނައިގެ ރޮނގެއް ހެދިފައިވެއެވެ.

“އަރުފީނު… ދައްތައޭ. ހޭލާތަ؟” އަރުފީނުގެ ކޮޓަރީގައި ޓަކި ޖަހާލި އަޑާއިއެކު ޝާރުދާގެ އަޑުއިވުނެވެ. އެހިނދު އަވަސް އަވަހަށް ދެއަތުން ލޮލުގެ ދެފަރާތުން ފުހެލައިފިއެވެ.

“ހިނގާ ކޮފީއެއް ބޮމާ، ރުހައިލު ވެސް އެބައުޅޭ ހޭލާ… ހީވަނީ ރޭގައި އުޅުނީ ނުނިދާހެން، އޭނާ ވެސް ކޮފީއެއް ބޭނުންވެގެން ބުނީމަ ދައްތަ މިބަލާލީ އަރުފީނު ހޭލާތޯ” ކުޑަކޮށް ދޮރުހުޅުވާލައިގެން ހުރި އަރުފީނާ ޝާރުދާ ވާހަކަދެއްކިއެވެ. ބަހެއްބުނުމުގެ ބަދަލުގައި ޝާރުދާގެ ވާހަކައަށް އެއްބަސްވުމުގެ ގޮތުން އަރުފީނު ބޯޖަހާލިއެވެ. އޭނާއަށް ވެސް ނުނިދޭނޭކަން އެނގޭތީއެވެ. ހޫނު ކޮފީއަކުން ސިކުނޑި ތާޒާކޮށްލަން އަރުފީނު ބޭނުންވީއެވެ. އެހެންނޫނީ ފިކުރުކުރަންޏާ އަބަދު އެ ފިކުރުގެ ތެރޭ އޮވެވޭނީއެވެ. އެއީ ނިމޭނޭ ކަމެއްނޫނެވެ. ޚާއްޞަކޮށް އެ ފިކުރުތަކަކީ އަމިއްލަ ހިތުގެ ހަމަޖެހުމާ ގުޅިފައިވާ ކަމަކަށްވާތީއެވެ. ހިތް އެދޭ ހިތްހަމަޖެހުން އެ ހިތަށް ހޯދާދެވެން ނެތީއެވެ.

ހަތަރު ޖޯޑުގައި ކޮފީ ހެދުމަށްފަހު ޝާރުދާ ދެ ތަބަކުގައި ކޮފީޖޯޑު އަތުރާލިއެވެ. ބަދިގެއަށް ކޮފީ ބޯން އައިސް އިން އަރުފީނަށް މިވަނީ ކިހިނެއްކަމެއް ނޭނގުނެވެ. އޭނާ ކުރިއަށްޖެހިލާ އޭނާގެ ކޮފީ ޖޯޑު ދިނުމަށް ޝާރުދާގެ ގާތުން އެދުނެވެ.

“އެކަނިމާއެކަނި މިތާ އިނދެތަ ކޮފީ ބޮނީ، އެގޮތަށް ކަމަކު ނުދާނެ، ރުހައިލު އެބަހުރި ޓެރެސްގައި، ދޭބަލަ ތަބަށްހިފައިގެން މައްޗަށް، ދައްތަ މިދަނީ މަލީކުބެއަށް ކޮފީ ގެންދަން” ޝާރުދާ މިހެން ބުނެ މަޑެއް ނުކުރިއެވެ. އަރުފީނުގެ ގޮތް އޭނާއަށް އެނގޭ ކަހަލައެވެ. ނުކެރިފައި ހުއްޓާ ކޮފީތަބަށް ނަގާ އަރުފީނުގެ އަތަށް ޝާރުދާ ލާދީފިއެވެ. އަދި ކޮނޑުގައި ފިރުމާލަމުން ހާމަފެންޑާއަށް އޭނާ ފޮނުވާލިއެވެ.

ހުއްޓެމުން ކަހަލަ ގޮތަކަށް އަރުފީނު ކުރިއަށް ފިޔަވަޅު އަޅަމުން ދިޔައެވެ. ރޭގައި ވީ ކަންތަކުގެ ސަބަބުން އަދިވަކިން ރުހައިލުގެ ކުރިމައްޗަށް އަރަން އޭނާ ޖެހިލުންވެއެވެ. އެ ހުރިހާ މަންޒަރެއް ރުހައިލުގެ ލޮލާލޯ އަމާޒުވާ ކޮންމެ ފަހަރަކު ސިފަވެގެންދާނޭކަމުގައި އަރުފީނުގެ ހިތް ބުނާތީއެވެ. އެހެންނަމަވެސް ތަބަކުގައި ބާރަށް ހިފަހައްޓާލައިގެން ހުރެ އޭނާ ހާމަފެންޑާއަށް އެރިއެވެ. އޭރު ރެއިލިންގައި ދެއަތް އަޅުވާލައިގެން ކުޑަކޮށް ގުދުވެ ރުހައިލު ހުއްޓެވެ. އިރުއެރިއެއްކަމަކު ވިއްސާރައިގެ ސަބަބުން ދުނިޔެމަތި އަލިވެފައި އޮތްކަމަކަށް ނުދައްކައެވެ. އަދިވެސް ތުނިތުނިކޮށް ވާރޭ ވެހެމުންދެއެވެ. އެހެންނަމަވެސް ރުހައިލުގެ ފަރުވާއެއް ނެތެވެ. ރޭގައި ލައިގެން ހުއްޓާ ފެނުނު ނޫކުލައިގެ ސޯޓުގައި ހުއްޓެއްކަމަކު މިހާރު އޭނާ ހުރީ މަޑުކުލައެއްގެ އަތްދިގު ޓީޝާޓަކުން އެ ތަނަވަސްމޭމައްޗާ ބާރުގަދަ މުލައްދަނޑި ނިވާކޮށްގެންނެވެ. ފިނިފިނިވައިރޯޅިއަކާއެކު އަރުފީނުގެ ހިތަށް ވެސް ފިނިކަމެއް ލިބިގެން ދިޔަހެން ހީވިއެވެ. ތަބަށް ހިފަހައްޓާލައިގެން ރުހައިލަށް ގެއްލިފައި އޭނައަށް ހުރެވުނީއެވެ.

“ކޮފީ ގެނައީތަ؟” އެނބުރިލިތަނާ ކޮފީޖޯޑުތައް އަތުރާފައި ހުރި ތަބަށްހިފަހައްޓާލައިގެން އަރުފީނު ހުރިތަން ފެނުމުން ރުހައިލު ބުނެލިއެވެ. އޭނާގެ އިނގިލިން ހިފަހައްޓާލާފައިވާ ސިނގިރޭޓު ފޮރުވުމަށްޓަކައި އެއްވެސް މަސައްކަތެއް ކުރުމެއްނެތިއެވެ. ވަގުތުން އަރުފީނަށް ބަލާލެވުނީ އެ ސިނގިރޭޓަށެވެ. ރުހައިލު އައިސް ތަބަކުން ކޮފީ ޖޯޑެއް ނަގައިގެން އައިސް ކުރިން ވެސް ހުރި ތަނުގައި ރެއިލިންގ އެއްއަތް އަޅުވާލައިގެން ހުއްޓުނެވެ. އަރުފީނު އެނބުރި ސޯފާގެ ކައިރިއަށް ގޮސް ތަބަށް ބަހައްޓާފައި އޭނާގެ ކޮފީޖޯޑު ހިފައިގެން އައިސް ރުހައިލުގެ ކައިރީ މަޑުކޮށްލިއެވެ.

“ގުޑް މޯނިންގ” ރުހައިލު އަނގައިން ބުނޭތޯ ހުރެހުރެ ވާހަކަނުދެއްކުމުން އަރުފީނު ބުނެލިއެވެ.

“ގުޑްމޯނިންގ”

ޖަވާބުދިނުމަށްފަހު ވެސް ރުހައިލު އެއްވެސް ވާހަކައެއް ދައްކާކަށް ގަސްދެއްނުކުރިއެވެ. އެހެންނަމަވެސް އޭނާގެ އަތުގައި އޮތް ސިނގިރޭޓު އަރުފީނަށް އުނދަގޫ ކުރިއެވެ.

“އެހާ ހެނދުނާ ރުހައިލު ހޭލަންފެށީ ކޮންއިރަކު، ކުރިންތީ ފަޒަލް އައިސް އެނދުންވައްޓާލައިގެން ހޭލައްވާ މީހެއް” ވާހަކައެއް ފެށޭތޯ އަރުފީނު އުޅުނެވެ.

“އެއީ އެ ދުވަހުން ފެށިގެން… އަހަރެންގެ ލޮލާ ނިދިވަކިވި ދުވަހުން ފެށިގެން…” ރުހައިލުގެ ޖަވާބާއެކު އަރުފީނަށް ހުއްޓުންއެރިއެވެ. ހީވީ ރުހައިލުގެ ބަސްތައް އައިސް ސީދާ ހިތުގައި ޖެހިގަތްހެންނެވެ. އެއާއެކު ވަރަށް ވެސް ފުން ބަލާލުމަކުން ރުހައިލަށް ބަލާލެވުނެވެ. އޭނާއާ ދުރަށް ރުހައިލުގެ ނަޒަރު ހުއްޓިފައި ހުއްޓެއްކަމަކު އެ ލޮލުން އަރުފީނަށް ރެކެނުގަނެވޭނޭކަން އޭނާއަށް އެނގޭ ކަހަލައެވެ.

“ތިއަތުން ސިނގިރޭޓު ފެނުމުން އަހަންނަށް ހީވީ އަހަރެންގެ ސަބަބުންނޭ” އިސްޖަހާލަމުން އަރުފީނު ބުނެލިއެވެ.

“ރަނގަޅަށް ތިހީވީ…” އެއްވެސް ޖެހިލުމެއްނެތި ރުހައިލު މިފަހަރު ވެސް ޖަވާބުދިނެވެ. އަރުފީނަށް ތުންފިއްތާލެވުނެވެ. އޭނާގެ މަޖުބޫރު ހާލަތު ރުހައިލަށް ވިސްނޭނެނަމައޭ ހިތަށް އެރީ ކަންނޭނގެއެވެ. އަރުފީނުގެ މޫނަށް އިރުކޮޅަކު ބަލަން ރުހައިލު  ހުރުމަށްފަހު އެއްމިޔަކަނިން ހިނިތުންވެލިއެވެ. އަދި އަތުގައި އޮތް ސިނގިރޭޓު ތިރިއަށްވައްޓާލަމުން ފައިން އަރާ ޗިސްކޮށްލަމުން ވާހަކަދެއްކިއެވެ.

“އަން! މި އެއްލާލީ… އެހެންނޫނަސް މީ ދެތިންދުވަހުގެ ހުއްޓުމެއްތާ…”

“ދެތިންދުވަހަށްފަހު އަލުން ތިއަތުން ސިނގިރޭޓު ފެންނާނެއޭތަ… ސިނގިރޭޓު ބޯކަށްނުވާނެ، އެއީ އެއްވެސް ފައިދާއެއްކުރުވާނެ އެއްޗެއްނޫން…” އަރުފީނުގެ ވާހަކަ އަޑުއަހާފައި ލުއި ހީނލުމަކުން ރުހައިލު ހީނލިއެވެ. އަރުފީނަށް ބަލާވެސް ނުލާ ހުރިއިރު ހީވީ އަރުފީނުގެ ވާހަކަ ޤަބޫލުކުރަން އޭނާ ބޭނުންނުވާހެނެވެ.

“އެކަމަށް އެދުނީ ކޮންހައްޤުން ބާއޭ ހިތަށް އަރާފަތަ ތިހެނީ” އަރުފީނު މަޑުމޮޅިގޮތަކަށް ބުނެލިއެވެ. އެހިނދު ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. އެތައްވާހަކައެއް ދެ މީހުންގެ ލޮލުން ވެސް ބުނެދޭން ބޭނުންވެފައި ވެއެވެ.

“ދެން ނުބޮއްޗޭ…” އަރުފީނު މަޑުމަޑުން ބުނެލިއެވެ. އެއަޑު އައީ އަރުފީނުގެ ހިތުންކަން ރުހައިލަށް ދެނެގަންނާކަށް އިތުރުފަރާތެއް ބޭނުމެއްނުވިއެވެ. އޭނާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ.

“ރުހައިލު….” އަރުފީނުގެ ކޯތާފަތުގައި އަތްލަން އުޅުނު ރުހައިލު ސިހުނީ މަލީކުގެ އަޑު އިވިފައެވެ. އެއަށްވުރެ ބޮޑަށް އަރުފީނު ސިހުނެވެ. އަތުގައި އޮތް ހޫނު ކޮފީޖޯޑު ވެއްޓި ފުނޑުފުނޑުވީ ފައިބުޑަށެވެ. އެހެންނަމަވެސް އަނގައިން “އުފް” ވެސް ނުނިކުތެވެ. ހިންދިރުވާލެވުމާއެކު އަރުފީނު ފަހަތަށް ދެމިގަތީ ކޮންވަގުތަކު ކިހިނެއްކަމެއް ވެސް ރުހައިލަކަށް ނޭނގުނެވެ. އޭނާއަށް ފެނުނީ ހާމަފެންޑާގެ ކަނަކަށް ގޮސް އަރުފީނު މަޑުކޮށްލައިގެން ހުއްޓައެވެ. އޭރު މަލީކު އެތަނަށް އަތުވެއްޖެއެވެ. ބަލާކަށް ނުހުރެ ރުހައިލު އައިސްގޮތަށް އައިސް އަރުފީނުގެ ގާތުގައި ހުއްޓުނެވެ.

“ފައިޔަކައްނު ކޮފީއެތި ބަންޑުންވީ… ދައްކަބަލަ، ފިހުނަތަ؟… އާދޭއަވަހަށް ފެންއަޅަން” ކަންބޮޑުވެފައި ރުހައިލު އުޅުނު ގޮތް ބަލަން މަލީކު ހުރީ ހުއްޓުން އަރާފައެވެ. އޭނާގެ ނަޒަރު ރުހައިލަށްވުރެ ބޮޑަށް ހުއްޓިފައި ހުރީ އަރުފީނަށެވެ.

“އެއްވެސްކަމެއްނުވޭ… އަހަރެން ދަނީ….” ރުހައިލުގެ އަތުގައި ހިފާލެވުނީ ކިހާ ބާރަކަށްކަމެއް އަރުފީނަކަށް ނަގައެއްނުގަނެވުނެވެ. އޭނާ ރުހައިލުގެ އަތްފޮޅުވާލާފައި އޭނާ ކައިރިވިޔަ ނުދިނުމަށް އެތަނުން ދުއްވައިގަނެއްޖެއެވެ. ހައިރާންވެފައި ރުހައިލަށް ބަލާލެވުނީ މަލީކަށެވެ. އޭނާގެ ނަޒަރު އަރުފީނަށް ހުއްޓިފައި ހުރިގޮތެވެ. ވާ ތަދު އިހުސާސްނުކުރެވޭވަރަށް އަރުފީނު ހާސްވީ މަލީކު ފެނުމުންކަން ރުހައިލަށް އެނގުނެވެ.

“ރުހައިލު… މަޑުކޮށްބަލަ” އަރުފީނަށް ވީގޮތެއް ބެލުމަށް ރުހައިލު ދާން އުޅެން ފެށުމުން މަލީކު ގޮވާލިއެވެ.

“ބައްޕާ، އަރުފީނުގެ ފައި ފިހޭނެހެން ހީވަނީ، ދެންމެ ގިރައިގެން ގެނައި ހޫނު ކޮފީ މީ” އެއްއަތުގައި އޮތް ކިޕީޖޯޑަށް އިޝާރާތްކުރަމުން ރުހައިލު ބުނެލިއެވެ.

“ފިހުނިއްޔާ އޭނާއަށް ވެސް ބޭސްއެޅޭނެ، މިގޭގައި ފަސްޓްއެއިޑު ފޮށްޓެއް އަބަދުވެސް ހުންނާނެ، އެހެންނޫނަސް ބައްޕައަށް ހީވަނީ މިހާރު އަރުފީނު މިގޭގައި ހުރުމުގެ ބޭނުމެއްނެތްހެން، ޔަލާ އެބައުޅޭ ހޭލާ… މަންމައާއެކު ކިރުތަށިބޯން އެބައިން… އެމަންޖެ ނޫޅޭ އިތުރުމީހަކު ހޯދާކަށް…”

މަލީކުގެ ވާހަކަ ހުރިގޮތުން ރުހައިލުގެ ބޮލުގައި ރިއްސާލިއެވެ. އަރުފީނު އެގެއިން އެހާ އަވަހަށް ފޮނުވާލާކަށް ރުހައިލުގެ ހިތެއް ނޭދެއެވެ. އަދި ޝާރުދާ ވެސް އެގޮތް ބޭނުމެއްނުވެއެވެ. ވީއިރު މަލީކު އެހާ ވަރަށް ދެކޮޅު ހަދަންވީ ސަބަބެއް ރުހައިލަކަށް ނުވިސްނުނެވެ. އަރުފީނު ވެސް މަލީކު ފެނުމުން އުޅުނު ގޮތް ފެނިފައި ރުހައިލުގެ ސިކުނޑީގައި ސުވާލުތައް ހައްތާވީ ގިނައެވެ.

“ތަންތާ އެއްޗެހި ނެތެކޭ އަޅުގަނޑު ނުބުނަން، އަޅުގަނޑު ވެސް އެދިގެން އަރުފީނު މިގޭގައި މަޑުކުރީ… އޭނާ ކޮންމެހެން މިގޭގައި ހުންނާކަށް ބޭނުމެއްނުވޭ… ހިތަށް އަރާ ކީއްވެބާއޭ މިގޭގައި ހުންނަން އޭނާ އެހާ ފޫހިވަނީ…” ރުހައިލު ފޫހިގޮތަކަށް ބުނެލިއެވެ. އަދި މަޑުކުރުމެއްނެތި އަރުފީނު ހޯދަމުން ތިރިއަށް އައެވެ.

“މަންމާ، އަރުފީނު ދުށިންތަ؟”

“ކިހިނެއްވީ؟ އޭނާ ރުޅިއަރުވާލީ ދޯ”

“ނޫނެކޭ މަންމާ، ހޫނު ކޮފީތަށި ފަޔަށް އޮއްސާލައިގެން އެއުޅެނީ… ނޭނގެ ނުފިހޭކަމެއްވެސް”

“ނާހަމަތެދެއްތަ…. އެކުއްޖާވީ ކޮޓަރީގަ ކަންނޭނގެ”

“މާމީ… އަރްފީ އައީތަ؟” އަރުފީނުގެ ނަން ރުހައިލު ބުނިއަޑަށް ޔަލާގެ މޫނު ދިއްލިގެން ދިޔަކަހަލައެވެ.

“އަރުފީދައްތަ ރޭއްސުރެން މިގޭގައޭ ހުރީ، ޔާއްކޮ ބަލިވީމަ މަޑުކުރީ…”

“މިއަދު އެއްކޮށް މިގޭގަ އުޅޭނީތަ؟ ޔާއްކޮއާ އެއްކޮށް އުޅޭނީ ދޯ” ޔަލާގެ އަނގަ ފެޅި ކަހަލައެވެ. އަރުފީނު އުޅޭކަން އެނގުމުން އެކުއްޖާ ފައިގެ ރިހުން ވެސް ކުޑަވެއްޖެހެން ހީވެއެވެ.

“އަރުފީނު… އަރުފީނު….” ރުހައިލު ގޮވާވަރުން އަރުފީނު ދޮރު ހުޅުވިއެވެ. އެއާއެކު ކޮޓަރިތެރެއަށް ރުހައިލު ދެމިގެންފައި ދޮރުލައްޕާލިއެވެ.

ކަށިމައްޗާ ހަމައަށް ލައިގެން ހުރި ހިމަހަރުވާޅު ކުޑަކޮށް އަރުވާލައިގެން ހުރި އަރުފީނު ފެނުމާއެކު ދެން ރުހައިލަށް ފެނުނީ ހުޅުވާފައި ހުރި ފާޚާނާއެވެ. އަނގައިން ބުނުމެއްނެތި އަރުފީނުގެ އަތުގައި ހިފައިގެން ގެނެސް ފާޚާނާއަށް ވެއްދިއެވެ. ބިލިނގާގެ ތެރެއަށް ދެފައި ވާގޮތަށް އޭގެ އަރިމަތީގައި އަރުފީނު ބޭންދުމަށްފަހު އިސްކުރު ދޫކޮށްލިއެވެ. އެއާއެކު މަޑުމަޑުން ބިލިނގާގެ ތެރެއަށް ފިނިފެން ޖަމާވާންފެށިއެވެ.

“ފައި ފިހުނީ ދޯ”

“މީ އެވަރުކަމެއް ނޫނޭ…. ރުހައިލުގެ ބައްޕަ ހީކުރާނީ ކީކޭ ތިހެން އުޅުނީމަ… ދެން ދޭ މިތަނުން… އަހަރެންގެ ފަޔަށް ކަމެއްނުވެއެއްނު”

“ކަމެއްވިއްޔާ އަރުފީނު ބުނާނެކަމަކަށް އަހަރެން މިހާރު ޤަބޫލެއްނުކުރަން”

“އެހެންވީރު ދޭ ކޮޓަރި ދޮރުހުޅުވަން، ދައްތަ ވެސް އެއްޗެއް ހީކޮށްފާނެ”

“ކޮންމެމީހަކު ކޮންމެއެއްޗެއް ހީކުރިއްޔާ ވާނީ ކީއްތަ؟ މިތަނުން ނެރެވޭނޭ މީހަކު ނާންނާނެ”

އިތުރަށް އަރުފީނު އެއްޗެއް ނުބުނުމުން ރުހައިލު ވެސް ޖަދަލެއްނުކުރިއެވެ. އޭނާ އަރުފީނުގެ ފައި ފިނިފެނުގައި ބެހެއްޓުމަށްފަހު އޭނާ އުފުލާލައިގެން ގެނެސް އެނދުގައި ބޭންދިއެވެ. އެ ކޮޓަރީގެ ދޮރު ހުޅުވުނީ ހަމަ އެވަގުތުއެވެ.

“ވަރަށް ބޮޑަށް ފިހުނީތަ؟” ޝާރުދާގެ ލޮލުގައި ރުހައިލުގެ އަތުގެތެރޭ އޮތް އަރުފީނު އަޅައިގަތް ހެނެއް ހިޔެއްނުވެއެވެ. މިފަހަރު ވެސް ހުއްޓުން އެރީ ޔަލާ އުރާލައިގެން އެ ކޮޓަރި ދޮރުމަތީ ހުރި މަލީކެވެ.

“ދައްކަބަލަ…” ކަންބޮޑުވެފައި ހުރި ޝާރުދާ އައިސް ރުހައިލު  ދުރުކޮށްލަމުން އަވަސްއަވަހަށް އަރުފީނުގެ ފައި ބަލަންފެށިއެވެ.

“ދައްތާ، އަޅުގަނޑު ރުހައިލު ގާތު ބުނީމޭ ފިހޭވަރެއްނުވެޔޭ…”

“ފޮޅުނުނެގިޔަސް މިހިރީ ދުޅަވާގޮތްވެފައެއްނު… ބޭސްއުނގުޅާލުން ރަނގަޅުވާނީ”

އެންމެން ހާސްވެގެން އުޅެފައި އަރުފީނުގެ ކޮޓަރިން ނިކުތީ އޭނާ ފޯނެއްކުރަން ވަގުތު ދޭން އެދުމުންނެވެ. އެންމެން ނިކުމެގެން ދިޔަތާ ގިނައިރެއްނުވެ އަރުފީނުގެ ކޮޓަރީގައި މީހަކު ޓަކިޖެހިއެވެ. އެންމެ ހިނދުކޮޅަކަށް ވެސް ދެން ރުހައިލުގެ ކިބައިން ސަލާމަތްނުވާނެއޭ އަރުފީނުގެ ހިތަށް އެރިއެވެ. އެމީހަކު ޓަކިޖަހާފައި މަޑެއްނުކުރިއެވެ. މަޑުމަޑުން ދޮރުހުޅުވާލި އަޑުއިވުނެވެ.

“ރުހައިލު… ނުވަންނާތި… އެހެންނޫނީ އަހަރެން މިގެއިން ދާނީ”

“އަހަންނަށްހީވަނީ އަހަރެން ވާހަކަ އަރުފީނަށް އަދިވެސް ސާފުނުވާހެން” ކުއްލިއަކަށް ކޮޓަރިއަށް ވަދެގެން އައި މަލީކު އަރުފީނަށް ފެނުނެވެ.

“އަޅުގަނޑު… ރުހައިލު….”

“އަޅުގަނޑެއް، ރުހައިލެއް ކިޔާނެކަމެއްނެތް، އަހަރެން ދެއްކި ވާހަކަ ސާފުވިނަމަ ދެވަނަ ފަހަރަށް އަރުފީނު މިގެއަކަށް ނާންނާނެ، ޝާރުދާއަށް ކޮންމެމީހަކު ކަމުދިޔަނަމަވެސް އަހަންނަކަށް ކަމަކު ނުދާނެ…. އޭނާ ގާތު އަރުފީނު ބޭނުންނަމަ ބުނެވިދާނެ ތިކުރިއަށްގެންދާ ކަންތައް އަރުފީނަށް ކުރެވޭކަށް ނެތޭ، ބަދަލުގައި އެހެންމީހަކު ފޮނުވާފާނަމޭ… އަދިވެސް ލަހެއްނުވޭ… މިގެއަށް އައުން އަރުފީނު ހުއްޓާލުން އެއީ އެންމެ ރަނގަޅުގޮތް، ރުހައިލު ވެސް އެހެން ނޫޅޭނެ އަރުފީނު ފެންނަ ހިސާބުގައި ނުހުންނަނަމަ” މަލީކު ބުނަން ބޭނުންވި އެއްޗެއް ބުނެފައި އަރުފީނުގެ ކޮޓަރިން ނިކުތެވެ. އޭރު ޔަލާ އުރާލައިގެން އަރުފީނުގެ ކޮޓަރިއަށް އަންނަން އައި ރުހައިލަށް މަލީކު އަރުފީނުގެ ކޮޓަރިން ނިކުންތަން ފެނުނެވެ.

“ބައްޕަ މިތާ ކީއްތޯކުރައްވަނީ…”

“މި އަރުފީނުގެ ހާލު ބަލާލީ” ރުހައިލު އިތުރުއެއްޗެއް އަހަންވާއިރަށް މަލީކު އެތަނުން ހިނގައްޖެއެވެ.

ދެ ވަނަ ފަހަރަށް ކޮޓަރީގެ ދޮރުހުޅުވުމާއެކު އަރުފީނު ދިޔައީ ސިއްސައިގެންނެވެ. އޭރު އޭނާ އިނީ ތުންފިއްތާލަމުން ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ފޭބިޔަނުދޭން ހިފަހައްޓާލައިގެންނެވެ. ނަމަވެސް ދޮރުހުޅުވާލާފައި ރުހައިލު ވަނުމުން ވަގުތުން އެނދުގައި އޮށޯވެ އަނެއްފަރާތަށް މޫނު ލައިގެން އޮތެވެ.

“ބައްޕަ އެއްޗެއް ބުނީތަ؟” އަރުފީނަށް ވީގޮތް ރުހައިލަށް ފެނުމުން އޭނާ ވަގުތުން އަހާލިއެވެ.

“އަހަރެންގެ ފައިން ވަރަށް ދިލަނަގާ… އަހަރެން ބޭނުންވަނީ ގެއަށް ދާން” ކުޑަކުއްޖެއްހެން ބާލީހުގައި މޫނުފޮރުވާލަމުން އަރުފީނު ބުނެލިއެވެ.

މަލީކު އާއި އަރުފީނު ބައްދަލުވާ ކޮންމެ ފަހަރަކު ރުހައިލަށް ނޭނގޭ ނުތަނަވަސްކަމެއް އެ ދެމެދުގައި އޮންނަހެން ރުހައިލަށް ފާހަގަވިއެވެ. އެހެންނަމަވެސް އަރުފީނު ނުބުނާނެކަން އޭނާއަށް އެނގޭތީ އެކަމާ އެއްޗެއް ބުނާކަށް ރުހައިލަކަށް ނޭނގެއެވެ. އެހެންނަމަވެސް އަރުފީނު ވަރަށް ދެރަވެފައި އޮތްހެން އޭނާގެ އަޑުން ހީވާތީ އެކަމާ ރުހައިލު ކަންބޮޑުވިއެވެ.

“ޔަލާ ހީކޮށްގެން ހުރީ އަރުފީނު އޭނާއާއެކު މިއަދު މަޑުކޮށްލާފައިކަމަށް ގެއަށްދާނީ” ރުހައިލު ބުންޏަސް އަރުފީނު ޤަބޫލުނުކުރާނެކަން އެނގޭތީ އޭނާ ގަސްދުގައި ޔަލާގެ ނަމުގައި އަމިއްލަ ހިތުގެ ޝުޢޫރު ހާމަކުރިއެވެ.

“އޯކޭ… އަހަންނާ ޔަލާއާ އަރުފީނު ގޮވައިގެން ގެއަށް ދާނަން، އެކަމަކު މެންދުރު ކައިގެން ދާނީ” އަރުފީނު ވާހަކަނުދެއްކުމުން އެންމެފަހުން ރުހައިލު ބުނެލިއެވެ.

ހަޤީޤަތުގައި އަރުފީނުގެ ފަޔަށް މާބޮޑުވަރެއްނުވިއެވެ. ކުޑަކޮށް ދިލަނަގާލާފައި މެންދުރުވާންވިއިރު އެއްކޮށް ތިލަ ވެސް ތިރިވެއްޖެއެވެ. އެހެންނަމަވެސް އޭނާ ރުހައިލުމެންގޭގައި މަޑުކުރާކަށް ގަސްދެއްނުކުރިއެވެ. އިތުރަށް ކަންތައްތައް ގޯސްވެ އެންމެންގެ ކުރިމަތީ މަލީކު ނުރުހުން ފާޅުކުރުމުގެ ކުރިން އަވަހަށް އެގެއާ ރުހައިލުގެ ދިރިއުޅުމާ ދުރަށްދާން އަރުފިނު ބޭނުންވިއެވެ. ޢާއިލާގެ ހަމަޖެހުން އޭނާގެ ސަބަބުން ގެއްލިއްޖެނަމަ އެކަމުގެ އަސަރު އެތައްބަޔަކަށް ކުރާނޭކަން އެނގޭތީއެވެ.

* * * *

ބޮޑުކޮޓަރީގައި އިން އާތިޤާ އާއި ލުތުފީގެ އިތުރުން އުނައިސްގެ މޫނުމަތިން ހައިރާންކަން ފާޅުވެގެން ދިޔައީ އަރުފީނާއެކު ހުރި ޒުވާނާފެނިފައެވެ. ކުޑައަންހެންކުއްޖަކު އުރާލައިގެން ހުރިއިރު އެއްއަތުން އަރުފީނުގެ އުނަގަނޑުގައި އޭނާ ހިފަހައްޓާލައިގެން ހުރި ގޮތުންނެވެ. ވަގުތުން ސޯފާއިން ތެދުވި އާތިޤާ ހިނިއައިސްފައި ހުރެ އަރުފީނުގެ ގާތަށް އައެވެ.

“މީތަ ޔަލާއަކީ…” އާތިޤާ އައިގޮތަށް ރުހައިލުގެ އަތުގެތެރޭ އިން ޔަލާގެ ކޮލުގައި ކޮށްޓާލިއެވެ.

“ބޮޑުމަންމާ، މީ ޔަލާއަކީ… މީ ރުހައިލު…” ރުހައިލުގެ ނަމާއެކު އަރުފީނަށް ބޭއިޚްތިޔާރުގައި ސޯފާގައިން އުނައިސްއަށް ބަލާލެވުނެވެ.

“އަރުފީ ފަޔަށް ހޫނުކޮފީތަށްޓެއް ބަންޑުންވެގެން ރަނގަޅަށް ނުހިނގޭތީ އެއުޅެނީ، އެހެންވެ މިގޮތަށް ގެއަށް ވައްދަންޖެހުނީ” އަރުފީނާ އެހާގާތުގައި ހުރުމުން އޭނާގެ ޢާއިލާ މީހުން ހިތްހަމަނުޖެހިދާނޭކަމަށް ހީކޮށް ރުހައިލު ބުނެލިއެވެ.

“އަވަހަށް އާދޭ އެތެރެއަށް…”

“ނޫނޭ، އަޅުގަނޑުމެން އެހެންފަހަރަކުން އަންނާނަން”

“އެހެން ހަދައިގެންނުވާނެ، މީ އަރުފީނުގެ މަންމައޭ… މަންމަބުނީމަ ވަންނަންވާނެއެއްނު” ރުހައިލުގެ އަތުގައި އަތްޖައްސާލަމުން ހިނިތުންވެލައިގެން ހުރެ އާތިޤާ ބުނެލިއެވެ.

ލުތުފީ ތެދުވެ އަމިއްލައަށް ރުހައިލަށް ތަޢާރަފްވެލިއެވެ. އާތިޤާގެ ރަޙުމަތްތެރިކަން ފެނިފައި ޔަލާ އެންމެނާ ރައްޓެހިވާކަށް ގިނައިރެއް ނުނެގިއެވެ. އެކުއްޖާގެ އަނގަގަދަކަމުން ގޭތެރޭގެ މާހައުލު ހަލަބޮލިވެގެންދިޔައެވެ. އެންމެންގެ ތެރެއިން ހިމޭނުން އިނީ އުނައިސްއެވެ. އަރުފީނުގެ މޫނުމަތިން އުފާވެރިކަން ނުފެންނާތީ އެކަމާ އޭނާ ވިސްނަނީކަންނޭނގެއެވެ. ރުހައިލު އެގެއަށް ކުއްލިއަކަށް އަންނަންޖެހުނު ސަބަބެއް އޮޅުން ފިލުވަން އޭނާ ބޭނުންވަނީ ކަންނޭނގެއެވެ. އަރުފީނު އިސްވެ ރުހައިލަށް ދަޢުވަތު ނުދޭނޭކަން އޭނާއަށް އެނގޭތީއެވެ. އެންމެފަހުން ރުހައިލު ގެއަށް ދިއުމަށްޓަކައި ތެދުވަމުން އާތިޤާގެ އަތުގައި އިން ޔަލާ އުރާލިއެވެ.

“ފައި ރަނގަޅުވީމަ ދޯ ދެން އަންނާނީ، ނޫނީ ޔަލާ ގޮވައިގެން އަންނަންތަ؟” ގަސްދުގައި ރުހައިލު އެންމެންގެ ކުރިމަތީ އަރުފީނާ ސުވާލުކުރީ އޭނާއަށް ނޫނެކޭ ބުނަން ނުކެރޭނޭކަން އެނގި ހުރެއެވެ.

“ރުހައިލަށް ފެންނަގޮތެއް… އެކަމަކު ކުރިއަށްއޮތް ހަފްތާގައި އޮފީސް ފެށުނީމަ އެނގޭނީ ވަގުތު ހަމަޖައްސާލަން” އަރުފީނު ބުނެލިއެވެ.

“އަރުފީނު ކޮންމެއެއްޗެއް ބުންޏަސް ރުހައިލު އަންނައްޗޭ ޔަލާ ގޮވައިގެން މިގެއަށް، ދެން މި ރަޙުމަތްތެރިވެވުނީއެއްނު ދޯ… މަންމަ ގާތު ވެސް ބުނައްޗޭ ދެން ފަހަރަކުން މިގެއަށް އަންނަންވާނެއޭ… ޝާރުދާ ހުންނަގޮތް އަދި ހަމަލޮލުން އެއްފަހަރު ވެސް ނުދެކެން… ވަރަށް ބައްދަލުކޮށްލާހިތްވޭ…”

“މަންމަ ގާތު ބުނާނަން، ދެން އަޅުގަނޑު ގޮސްލީ”

“އަދި އަންނައްޗޭ، މަންމައަށް ވަރަށް ސަލާމް”

ބޮޑުކޮޓަރީގެ ދޮރުމަތީ ރުހައިލު ނިކުމެގެން ދަންދެން އާތިޤާ ބަލަންހުއްޓެވެ. އޭނާ ދޮރޯށިން ނިކުތުމާއެކު އާތިޤާ އައިސް އަރުފީނުގެ ގާތުގައި އިށީނެވެ. އަދި އޭނާގެ ފައިނަގާ ބަލާލިއެވެ.

“މީ ހޫނުކޮފީ އެޅިފައި އޮތްފައިތަ؟” ފަޔަށް އެއްވެސް ކަމެއް ވެފައި ހުރިކަމުގެ ނިޝާނެއް ފެންނަން ނެތުމުން އާތިޤާ ބުނެލިއެވެ. އެއާއެކު އެތަނުގައި އިން އުނައިސް ހޭންފެށިއެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *