HUREEME THIHITHUN JAAGA DHEYTHO [Part – 02]

ފޫހިވެގެން އުޅުނު އިޒުވާނު، ރުހައިލާއި ފަޒަލް ގޮވައިގެން ބޭރުގައި އުޅެފައި ގެއަށް އައީ އިރުއޮއްސުނު ފަހުންނެވެ. އޭނާއަށް މަލީކު ދިން ޚަބަރުން ބައްޕަގެ ގައިގާ ބައްދާލެވުނެވެ. އަވަސްއަވަހަށް ޝުކުރުއަދާ ކުރުމާއެކު ކޮޓަރިއާ ދިމާލަށް ދުއްވައިގަތީ ޝެރީލްއަށް އެ ޚަބަރު ދިނުމަށެވެ. ރުހައިލާއި ފަޒަލްއަށް އެ ޚަބަރު އެހާ މުހިންމެއްނުވިއެވެ. ފަޒަލް އައިސް ސޯފާގައި އިށީނުމުން އަރުފީނު ކުޑަކޮށް ހިނިތުންވެލިއެވެ. އެތަންފެނި ރުހައިލު އައިސް އެއްފަރާތުގައި ހުރި މާވަށިގަނޑެއް ނަގައިގެން ގެނެސް އޭގައި ހުރި ޕްލާސްޓިކު މާތަށް އަރުފީނުގެ ބޮލަށް އަޅާލިއެވެ. ސިއްސައިގެން ދިޔަ އަރުފީނު ފުންމައިގެން ތެދުވުމާއެކު ބާރުބާރަށް ހެމުން ރުހައިލު ދުއްވައިގަތީ ބޮޑުކޮޓަރިން ބޭރަށެވެ. ފަޒަލްއަށް ވެސް ހެމުންހެމުން ތެދުވެވުނެވެ.

“ރުހައިލު…” އެވަގުތު އެތަނުގައި އިން ޝާރުދާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. ރުހައިލުގެ ލާނެތްކަން އަރުފީނު އެގެއަށް އަފަހުން އެއްދަރަޖަ އިތުރުވެފައި ވާކަން ޝާރުދާއަށް އެނގެއެވެ.

އެއްފައި ތަޅުމުގައި ޖަހާލަމުން އަރުފީނު ދުވެފައި ބޮޑުކޮޓަރިން ބޭރަށް ދުއްވައިގަތެވެ. ނަމަވެސް ޕޯޓިކޯއިން ބޭރަށް ފިޔަވަޅެއް އަޅަން އަރުފީނު ޖެހިލުންވިއެވެ. ލޮލުގައި ރުހައިލު އަޅައިނުގަތުމުން އޭނާ ފިލާ ކޮންމެ ދިމާލަކު ވެސް ހުރެދާނެކަމަށް އަރުފީން ނިންމިއެވެ. ދޮރޯށްޓާ ދިމާއަށް އަލިވެފައި އޮތަށް ގޭގެ ބިއްދޮށުގައި ހުރި ގަސްތަކާ ދިމާ ނުހަނު އަނދިރިއެވެ. ދެފަރާތުގައި އަތްވިއްދާލުމާއެކު ކުދިކިޔަމުން އައިސް އަރުފީނު އެތެރެއަށް ވަނެވެ. އޭރު ޝާރުދާ މާތަށްނަގަން އުޅެއެވެ. އެތަންފެނި އަރުފީނު އައިސް ޝާރުދާއަށް އެކަންކޮށްދިނެވެ. އަދި މާވަށިގަނޑު ގެންގޮސް އޭތި ހުންނަ ތަނުގައި ބެހެއްޓިއެވެ.

“ލާނެތްކަމެއް ލިބިފައި ހުރި ކުއްޖެއް އެއީ، މިހާރު ބުނެފީމޭ އަރުފީނަށް އުނދަގޫ ނުކުރާށޭވެސް” ޝާރުދާ އައިސް ސޯފާގައި އިށީންނަމުން ބުނެލިއެވެ.

“އާންޓީ، އެއީ މަޖަލަކަށް ރުހައިލު ކުރިކަމަކޭ” ފަޒަލް، ރުހައިލު ސަލާމަތްކުރަން އުޅޭހެން ބުނެލިއެވެ. އޭނައަށް ވެސް ބައެއްފަހަރު ރުހައިލާއި އަރުފީނު އުޅޭގޮތުން މަޖާވެއެވެ. ބުޅަލާއި މީދަލާ އުޅޭހެން ގޭތެރޭގައި އެ ދެ ޒުވާނުން ދުވެދުވެފައި އުޅޭއިރު ފަޒަލްގެ ފޫހި ފިލައެވެ. އަނެއްކޮޅުން ގޭތެރޭގެ ފަޅުކަން ފިލައިދެއެވެ.

ރޭގަނޑުގެ ކެއުމުގައި ބައިވެރިވުމަށް ފަޒަލް އިނީ ޝާރުދާގެ ޢާއިލާއާއެކުއެވެ. އެތަނުގައި މަލީކު އާއި އިޒުވާނު ނެތުމުން އެކަމާ ސުވާލުކުރީ ވަދެގެން އައި މެހެނާޒެވެ. މިފަހަކަށް އައިސް ނުފެންނަ އުޖާލާކަމެއް އެ މޫނުމަތީގައި ހުއްޓެވެ. ޝާރުދާގެ ފަރާތުން އިޒުވާނުގެ އެންގޭޖުމެންޓު ހަފްލާ ހަމަޖެހިފައި އޮތް ވާހަކަ އިވުމުން އޭނާ އަވަސްވެގަތީ އެ ރެއަށް ތައްޔާރުވާންޖެހޭނޭ ވަރު ޝާރުދާއަށް ވިސްނައިދޭށެވެ. މާލޭން ވިޔަފާރިކުރުމުގެ ބަދަލުގައި ރާއްޖޭން ބޭރަށް ދިއުމަށް އޭނަ ޚިޔާލު ފާޅުކުރިއެވެ. އެކަމަށް ޝާރުދާ މާބޮޑު ތަރުހީބެއްނުދިނެވެ.

“ނާޒްގެ ޠަބީޢަތް މިރޭ ވަރަށް ރަނގަޅުހެން ހީވޭ” ޝާރުދާ ވާހަކަ ބަދަލުކޮށްލިއެވެ.

“އާން! ޝުއައިބު އަންނަނީ، މާދަމާ… ބުނި ބޭބެ ގުޅިވާހަކަ، އަދި އިޒުވާނުގެ ކައިވެނީގެ ވާހަކަދެއްކި ކަމަށް” ހިނިތުންވެލައިގެން އިން މެހެނާޒު ބުނެލިއެވެ.

“ސީރިއަސްލީތަ މަންމާ، ބައްޕަ އެހެންބުނިތަ” ކާންއިން ފަޒަލްގެ ސަމާލުކަން މެހެނާޒަށް ހުއްޓުނުއިރު އޭނާ ވެސް އިނީ ވަރަށް އުފާވެފައިކަން އެނގެއެވެ.

“ޔެސް މައި ޑިއަރ ސަން” ފަޒަލްއަށް ވެސް ޝުއައިބު ނެތްކަމުގެ އިހުސާސް ކުރެވޭކަން އެނގުމުން މެހެނާޒު ވަކިން އުފާވިއެވެ. ޝުއައިބަކީ ދަރިފުޅުދެކެ އިންތިހާއަށް ލޯބިވާ ބަފައެކެވެ. މާލޭގައި ހުރެއްޖެނަމަ އޭނާގެ ގިނަ ވަގުތު ހޭދަކުރާނީ ފަޒަލް އާއި ރުހައިލު ފަހަތުލައިގެންނެވެ. އެ ހަނދާންތައް މެހެނާޒުގެ ތުންފަތަށް ވެރިވި ހިނިތުންވުން އިތުރުކޮށްލިއެވެ.

ކައިގެން ނިކުން ގޮތަށް އަރުފީނު އައިސް ވަނީ ލައިބްރަރީއަށެވެ. ކުރާނެ އިތުރުކަމެއްނެތުމުން ފޮތެއްކިޔާލަން އޭނާ ބޭނުންވީއެވެ. އޭރު ޝާރުދާ ހުރީ ބޮޑުކޮޓަރިތެރޭގައި ވަރުޝާއާ ވާހަކަދައްކާށެވެ. ކުރިއަށް އޮތީ ބަންދުދެވުހަށް ވީތީ އެއްޗެހި ދޮންނަން ޖެހޭނެކަމާއި ގޭތެރޭގެ ބައެއްކަންކަމުގެ ވާހަކައެވެ. ރުހައިލު އާއި ފަޒަލް އެކްޝަންކޮމިކު ފޮތެއް ހިފައިގެން އެއަށް ލޯދެމުން ލިފްޓުން ނިކުމެގެން އައީ ލައިބްރަރީއާ ދިމާލަށެވެ. ހަމަ އެވަގުތު ވީނުވީއެއް ނޭނގި ކުއްލިއަކަށް މުޅި ގެއިން ކަރަންޓު ހިނގައްޖެއެވެ. އެއާއެކު ލައިބްރަރީގެ ތެރެއިން ތޫލި ހަޅޭކެއްގެ އަޑުއިވިގެން ދިޔައެވެ.

“އަޅޭ! ހަނދާނެއްވެސްނެތް، މާލޭގެ އެކި ސަރަޙައްދުން ކަރަންޓު ދާނޭކަމަށް ގޮވާފައި އޮތީ، ވަރުޝާ ދޭބަލަ އަވަހަށް އުއްބައްތިތައް ރޯކޮށްލައިގެން ގެންނަން، އެއިވުނީ އަރުފީނުގެ އަޑު…” ޝާރުދާ އަނދިރީގެ ތެރެއިން ތަނެއްފެނޭތޯ ލޯހިންގަމުން ބުނެލިއެވެ.

“އަރުފީނު…” ފަޒަލްއަށް ބުނެލެވުނެވެ. އޭނާ އަތްހިއްލާލައިގެން އެއްފަރާތަށް ޖެހެމުން އައިސް ފާރުގައި އަތްޖެހުމުން މަޑުމަޑުން ކުރިއަށް އަންނަން ފެށިއެވެ.

“ފަޒަލް، މޮޅު އައިޑިއާއެއް އައިސްފި” ލާނެތް ގޮތަކަށް ހީނގަންނަމުން ރުހައިލު ބުނެލިއެވެ. އަދި ފަޒަލްގެ ކޮނޑުގައި ހިފަހައްޓާލައިގެން ހުރެ ލައިގެން ސޯޓުގެ ޖީބުގައި އޮތް ފޯނު ނަގާ އަލިކޮށްލިއެވެ.

ލައިބްރަރީގައި ހުރި ފޮތްހަރުގަނޑުގައި އަތްޖައްސާލައިގެން ހުރި ގޮތަށް ގައުވެފައި އަރުފީނު ހުރީ ދިމާލަކަށް ދާން ވެސް ނުކެރިފައެވެ. ތަނެއްދޮރެއް ވަކިނުވި ނަމަވެސް އޭނާ ވަށައިގެން ހޯދަމުން ދިޔައެވެ. ހިތްބިރުގަނެފައި ހުރިވަރުން އެކިއެކި ބިރުވެރި ޚިޔާލުތައް އޭނާ ވަށާލިއެވެ. މަޑުމަޑުން ތުރުތުރު އަޅައަޅާއޮތް އަތް ކުރިއަށް ދަމާލީ ތަނެއްގައި ޖެހިދާނެކަމަށެވެ. އަދި ފިޔަވަޅަކަށްފަހު ފިޔަވަޅެއް ސިއްރުން އަޅަމުން އެއްފަރާތަކަށް ހުރެ އަންނަންފެށިއެވެ. އޭނާއަށް ލައިބްރަރީގެ ދޮރު ހުރި ދިމާލުން އަލިކޮޅެއް ފެނުނުހެން ހީވިއެވެ. ނަމަވެސް އެހާ އަވަހަށް ފެނުނު އަލިކޮޅު ގެއްލިއްޖެއެވެ. އޭގެ އިރުކޮޅެއް ފަހުން ހީވީ އޭނާގެ ކައިރީ މީހަކު އުޅޭ ހެންނެވެ.

“ކާކު؟” ދެލޯ ބޮޑުކޮށްލެވުމާއެކު އަނދުރީގެ ތެރޭން ތަނެއްވަކިވޭތޯ އަރުފީނު އުޅުނެވެ. ހިޔަންޏެއް ވިހެން އަރުފީނަށް ހީވުމުން ކުރިއަށްވުރެ ބިރުގަތެވެ. ދެން އޭނާއަށް އިވެންފެށީ ބިރުވެރި އަޑެކެވެ. އެއާއެކު އަނެއްކާ ވެސް އަރުފީނަށް ހަޅޭލަވައިގަނެވުނެވެ.

މަޑުން އިވެމުންދިޔަ “ބިރުވެރި” އަޑު ކައިރިވަމުން އައިސް އަރުފީނާ ވަރަށް ކައިރިވިއިރު އޭނާގެ މޫނުގެ އެއްފަރާތުން ހޫނު ނޭވާއެއްގެ އިހުސާސް ވެސް ވެގެން ދިޔައެވެ. އެއާއެކު ވަށައިގެން ހިންގާލި އަތުން މީހެއްގެ ގައިގާ ޖެހުނުކަން އަރުފީނަށް ޔަގީންވުމުން އެމީހެއްގެ ގައިގާ ހަޅޭލަވަމުން ތަޅައިގަތެވެ. އެމީހަކު އުޅުނީ އަރުފީނުގެ އަތުގައި ހިފަހައްޓާށެވެ. އަދި ކޮންމެވެސް އެއްޗެއް ބުނިހެން ވެސް ހީވެއެވެ. ބިރުން ފިތްކެނޑިފައި ހުރި އަރުފީނަށް އޭނާގެ އަޑެއް ނީވުނެވެ. އެހިނދު އުއްބައްތީގެ ހުޅުކޮޅުތަކަކުން އެޅުނު މަޑުއޮރެންޖު ކުލައިގެ އަލިން ލަބްރަރީތެރެ ހުޅުދާންކޮށްލިއެވެ. ފެންކަޅިވެ ރޮވެން ކައިރިވެފައި ހުރި އަރުފީނު ދުއްވައިގަތީ އެ ދިމާލަށެވެ. އުއްބައްތިތައް ހިފައިގެން ހުރި ވަރުޝާގެ ގާތުގައި ޝާރުދާ ހުރިތަން ފެނި އޭނާގެ ގައިގާ ދުވެފައި އައި އަރުފީނު އޮޅުލައިގަތެވެ.

“ކިހިނެއްވީ އަރުފީނު؟” އަރުފީނުގެ ބުރަކަށީގައި ފިރުމާލަމުން ކަންބޮޑުވެފައި ޝާރުދާ އަހާލިއެވެ. އަދި ވަރުޝާއަށް އަތުން އިޝާރާތްކޮށްލީ އަވަހަށް އުއްބައްތިތައް އެކި ދިމާލުގައި ބެހެއްޓުމަށެވެ. ހަމައެވަގުތު ކޮނޑުގައި ފިރުމަމުން ދޮރާ ދިމާއަށް އައި ފަޒަލް ޝާރުދާގެ ލޮލުގައި އަޅައިގަތެވެ. ދެން އިވުނީ ރުހައިލުގެ ބާރު ހިނިގަނޑުގެ އަޑެވެ. ފަޒަލް ހީވަނީ ތަނަކަށް ތަދުވެގެން އުޅޭ ހެންނެވެ. ނަމަވެސް ދެ ޒުވާނުން ހިމޭންވީ ޝާރުދާގެ ހިތްހަމަނުޖެހިފައި ހުރި މޫނު ފެނުމުންނެވެ.

“ބައްޕާ!” ޝާރުދާގެ ގައިން ދޫކޮށްލަން ބޭނުންނުވެފައި ހުރި އަރުފީނު އޭނާގެ ދެލޯ މަރާ ތަގުޅިކޮށްގެން ހުރެ މަޑުމަޑުން ބުނެލި އެއްޗަކުން އޭނާއަށް ކަމެއްވެއްޖެކަން ޝާރުދާއަށް ނަގައިގަނެވުނެވެ.

“ހަމަ މިހާރު ދެ މީހުން ވެސް ދޭ ކޮޓަރިއަށް، ކަރަންޓު ނާންނަނީސް އެތަނުން ކަލޭމެން ދެމީހުން ވެސް ނިކުމެގެން ނުވާނެ، ހެޔޮ ކިތަންމެ ހޫނުވިޔަސް” ކުޑަކުދިންނާ ދިމާލަށް ބުނާފަދަ ގޮތަކަށް ޝާރުދާ އޭނާގެ ދަރިފުޅަށާއި ފަޒަލްއަށް މިހެންބުނެ ދޮރާ ދިމާއަށް އިނގިލި ދިއްކޮށްލިއެވެ. އެއާއެކު އަވަސްއަވަހަށް ޝާރުދާގެ ކުރިމަތިން އެ ދެ ޒުވާނުން ގޮސް ގެއްލިއްޖެއެވެ.

“އަރުފީނު، އޭތް! ކިހިނެއްތަވީ؟ ރުހައިލު އަނެއްކާ ވެސް ކަމެއްކުރީ ދޯ، ހިނގާބަލަ، އައިސްފެންތައްޓެއް ބޯލަނިކޮށް ހަމަޖެހިދާނެ، އާދޭ…” ޝާރުދާ ބޭނުންވީ އަރުފީނު ހަމައަކަށް އެޅުވުމަށެވެ.

ކުރިއަށް ހިނގައިގަތް ޝާރުދާގެ އަތުގައި އަރުފީނު ދެއަތުން ހިފަހައްޓާލައިގެން ހުރެ ވަށައިގެން ހޯދަމުން ކަހަލަ ގޮތަކަށް އޭނާއާއެކު ދިޔައެވެ. ކާކޮޓަރިއަށް ވަދެވުނު އިރު އެތަންވަނީ އުއްބައްތިތަކުން ދިއްލާލާފައެވެ. ފެންނަފެނުމަށް ކިތަންމެ ހިތްގައިމު ނަމަވެސް އަރުފީނު އެކަނި ހުންނަން ޖެހިލުންވެއެވެ. ފާޑުފާޑުގެ ބިރުވެރި ޚިޔާލުތައް އޭނާގެ ސިކުނޑި ވަށާލައިފައިވެއެވެ. ހީވަނީ އެކަނިވާއިރަށް އުއްބައްތިތަކުގެ ހުޅުކޮޅު ނިވިދާނެހެނެވެ. ޝާރުދާ ކާމޭޒު ކައިރިން ގޮނޑިއެއް ބޭރަށް ދަމާލުމާއިއެކު އަރުފީނު އެތަނުގައި ބައިންދައިފައި ފެންތަށްޓެއް ހިފައިގެން އައިސް އަރުފީނުގެ ދެއަތަށް ލާދިނެވެ.

“ހަމަޖެހިގެން ފެންފޮދެއް ބޯލާ” ޝާރުދާ ބުނެލިއެވެ.

އަރުފީނު ފެންތަށީގައި ތުންޖެހިތަން ފެނި ޝާރުދާ އެނބުރުނީ އޭނާ ވެސް ފެން ފޮދެއް ބޯލަން ބޭނުންވެފައި ހުރީމައި ތަށްޓަކަށް ފެން އެޅުމަށެވެ. އެވަގުތު ކުއްލިއަކަށް މޭޒުމަތީ ފެންތަށި ބެހެއްޓި އަޑާއި ޝާރުދާގެ އަތުގައި އަރުފީނު ހިފުމާ ދެ ހަރަކާތް ހިނގީ އެކުއެކީގައެވެ. ހައިރާންވެގެން ޝާރުދާއަށް އެނބުރި އަރުފީނަށް ބަލާލެވުނެވެ.

“ދައްތާ ޕްލީޒް، އަހަރެން އެކަނި ބައިންދާފަ ނުދޭ” އާދޭހުގެ ރާގެއްގައި އަރުފީނު ބުނެލިއެވެ. އަރުފީނަށް ވީގޮތެއް ނޭނގޭތީ އެކަމާ ހައިރާންވެފައި ހުރި ޝާރުދާ ފެންފޮދެއް އަޅައިގެން އަންނަނީ ކަމުގައި ބުނެ އެއްފަރާތުގައި ހުރި ޖަގުން ފެންތައްޓެއް އަޅައިގެން އައިސް އަރުފީނުގެ ކައިރީ އިށީނެވެ. އަދި އަރުފީނު ހާސްވަނީ ކޮންކަމަކާކަން އޮޅުން ފިލުވުމަން ސުވާލުކުރަން ފެށިއެވެ.

“ކޮންކަމަކާތަ އަރުފީނު ބިރުގަންނަނީ، ލައިބްރަރީ ތެރޭގައި އުޅުނީ ރުހައިލް އާއި ފަޒަލް، އެމީހުންގެ ލާނެތްކަން އަރުފީނަށް އެނގެއެއްނު”

“އަހަރެން…. އަހަރެން ވަރަށް ބިރުގަނޭ… އަނދިރިވީމަ…” އަރުފީނުގެ ވާހަކަ ޤަބޫލުނުކޮށްފާނެއޭ ހިތާ ބުނަން ނުކެރި އިނދެ ވެސް އޭނާ ބިރުގަންނަ ކަންތައް ހާމަކުރިއެވެ.

“ކީއްވެ އަރުފީނު އަނދިރިވީމަ ބިރުގަންނަނީ؟ ކަމެއްވީތަ އަނދިރީގައި” ޝާރުދާ ހީކުރީ އަރުފީނަށް ނަފްސާނީ ކަމެއް ދިމާވެފައި ހުރީ ކަމަށެވެ. މިހާރަކީ އަންހެން ދަރިންނަށް އެމީހުންގެ އަމިއްލަ ގެއިން، އަމިއްލަ ޢާއިލާ ތެރޭގައި ވެސް އަމާންކަމެއް ނެތް ޒަމާނެވެ. އަރުފީނު ފިރިހެން ކުއްޖެއްހެން އުޅުމުގައި ވެސް ކަމެއް ފޮރުވިފައި އޮންނާނެ ކަމުގައި ޝާރުދާއަށް އޮތީ ކުރިން ވެސް ހީވެފައެވެ. އެކަމަކު އަރުފީނުގެ ޒާތީ ވާހަކަތައް އަހަން އޭނާއަކީ އެއަށްވުރެ ދުރުމީހެއްކަން ޤަބޫލުކުރެވޭތީ އެގޮތަށް ކަންތައްކުރަން ނުފެނުނީއެވެ.

“ހަމަބިރުގަންނަނީ…” ޝާރުދާގެ ސުވާލަށް ދޭނެ ޖަވާބެއް އޭނާއަކަށް ނޭނގެއެވެ. އެވަގުތު ސިކުނޑީގައި ފޮރުވިފައި ހުރި ހަނދާންތަކުގެ ތެރެއިން ތިލަވެގަތީ ދުރު ހަނދާނެކެވެ. އުމުރުން ތިން ހަތަރު އަހަރުގައި އަރުފީނު އުޅުނު ގޮތެވެ. ރޭގަނޑު ނިދަން ދެ އެނދަށް ދެކުދިން ލާފައި އާތިޤާ އެނބުރި އޭނާގެ ކޮޓަރިއަށް ދަނީ ފަސްވޯޓުގެ ބޮތްކެއް ދިއްލާފައެވެ. އާތިޤާ ގޮސް އޭނާގެ އެނދުގައި ހަމަޖެހިލެވޭހާ އިރަށް އެނދުން ފައިބައިގެން އާތިޤާގެ ގާތަށް ގޮސް އަރުފީނު އަރައެވެ. އެކަމާ އާތިޤާ އަޅައެއްނުލައެވެ. އަރުފީނު އެހެން ކަންތައް ކުރަނީ ބިރުންކަމެއް އާތިޤާއަށް އެނގުނީ ރޭގަނޑު ގެއިން ކަރަންޓު ދިޔަ ރެއެއްގައެވެ. ރޯން ފެށިގޮތަށް އަރުފީނަށް ހުއްޓައެއް ނުލެވުނެވެ. އޭގެ ފަހުން އާތިޤާ އަބަދު ވެސް އުއްބައްތިއާ އެ ރޯކުރާނޭ އާލާތް އަރުފީނުގެ އަތުޖެހޭ ހިސާބުގައި ބަހައްޓައެވެ. އަދި ކޮންމެ ވަގުތެއްގައި ކަރަންޓު ދިޔަޔަސް އާތިޤާ ކުރަން ހުރި ކަމެއް ހުއްޓާލާފައި އަރުފީނުގެ ގާތަށް އާދެއެވެ. އެކަންކަމަށް އަރުފީނު ވަނީ އާދަވެފައެވެ. ނަމަވެސް ބިރުގަންނަންވީ ސަބަބެއް އަރުފީނަކަށް ނޭނގެއެވެ. ބައެއްފަހަރު އޭނާ ވެސް އެކަމާ ހައިރާންވެއެވެ. އަނދިރިވުމުން އޭނާ އެހާ ބިރުގަންނަންވީ ކީއްވެބާއޭ އަމިއްލަ ޟަމީރާ ސުވާލުކުރެވެއެވެ.

“އަރުފީނު، ދެން އެކަމާ ނުވިސްނާ، ތިހެން އަރުފީނު ބިރުން އުޅެންޏާ އެމީހުން އުޅޭނީ ހައްތަހާ އަރުފީނު ބިރުގަންނުވަންވެގެން، އަހަރެން ދޭނަން އަރުފީނު ކިޔަން ވަރަށް ރަނގަޅު އެއްޗެއް، ނިދަން އޮށޯންނަމުންނާ، ބިރުގަންނަންޏާ އެ ދުޢާ ކިޔާލުމުން ހިތަށް ހަމަޖެހުން ލިބޭނެ، އަރުފީނަކީ ވަރަށް ރަނގަޅު ކުއްޖެއްނު، ނަމާދުކުރާ ކުދިންނާ ނުބައި ކަންކަން ކައިރިއެއްނުވާނެ، އަހަރުމެން ބިރުގަންނަންވާނީ އެންމެ ފަރާތެއްދެކެ…. އަރުފީނުގެ ޢާއިލާ ކައިރީގައި ނެތްނަމަވެސް އަހަރުމެންނަކީ ދުރުހިލޭ ބައެއްކަމުގައި ނުދެކެއްޗޭ، އަހަރެން ވަރުޝާ ގާތު ބުނާނަން އަރުފީނުގެ ކޮޓަރިއަށް ފާނޫޒުބައްތިއެއް ލާން، އޭގެން ވަރަށް އަލިވާނެ، އޭރުން ކަރަންޓުދާ ކޮންމެ ފަހަރަކު އެ ދިއްލާލެވޭނެއެއްނު” ޝާރުދާގެ ހިތްހެޔޮކަމާއި އޯގާތެރިކަމުން އަރުފީނު މާބޮޑަށް އާތިޤާގެ މަތިން ހަނދާންވިއެވެ.

* * * *

ހަފްތާއެއް ވޭތުވެގެން ދިޔައިރު ސޮފޫރާ، އަދީބުއާ ބައްދަލުކުރަން ރަށުގެ ދެކުނު ފަރާތުގައި ހަނދަންފަށާފައި ހުރި ފަޅުގޯއްޗަކަށް ދާކަން އެނގެނީ ހަމައެކަނި ޝިޔާނާއަށެވެ. ރަށު މީހަކަށް ވެސް އޭނާ އެ ދިމާލަށް ދަނިކޮށް ނުފެނެއެވެ. އަދީބުއާ ބައްދަލުކުރަން ސޮފޫރާ ދަނީ ނުބައިކަމެއް ނުކުރާން ހިތުގައި އަޒުމްކަނޑައަޅައިގެންނެވެ. ނަމަވެސް އަދީބު ފެނުމުން އެވާގޮތެއް ނޭނގެއެވެ. އެންމެ ރެއަކުން އޭނާއަށް ލިބިގެންދިޔަ އަރާމާއި އެ ލައްޒަތުން ސޮފޫރާގެ ކަރުހިއްކުން އިތުރުވެފައި ވެއެވެ.

“ދާހިތެއްނުވޭ، އެކަމަކު ވަރަށް ލަސްވެއްޖެ” މަގުމަތި ފެންނަގޮތަށް ފަޅުގޭގައި ކަނޑާފައި ހުރި ދޮރުގެ އެތެރޭގައި އަދީބުގެ ގައިގާ ބައްދާލައިގެން ހުރެ ސޮފޫރާ ބުންޏެވެ.

“މި ދެން އަބަދަށް ވަކިވުމެއް ނޫނެއްނު، ހިނގާ ދާން، ޝިޔާނާ ހުންނާނެ ލަސްވެފައި” އިތުރަށް މަޑުކުރަން އަދީބު ބޭނުމެއްނުވެއެވެ. ތުންފިއްތާލާފައި ވެސް ސޮފޫރާ ކުރިއަށް ހިނގައިގަތެވެ. ވަކި ހިސާބަކުން އޭނާއާ ޝިޔާނާ ބައްދަލުވިއެވެ.

ދެޖީބަށް އަތްޖަހާލައިގެން ހުރެ ގެއާ ދިމާލަށް އައި އަދީބަށް އެގޭ ދޮށުގައި ހުރި ޖޯލީގައި ބަޔަކު ތިބިތަން ފެނުނެވެ. އަދި ދެ އަލިފާންކޮޅު އިރުއިރުކޮޅާ އަލިގަދަވެ މަޑުވާތަންފެނެއެވެ. އެއާއެކު އެތަނުގައި ބަޔަކު ތިބީ ސިނގިރޭޓު ބޯންކަމުގައި ޔަގީންވިއެވެ. އެއްމިޔަކަނިން ހިނިތުންވެލި އަދީބަށް އެއީ ކޮންބައެއްކަން އެނގުނެވެ. ލަސްލަހުން ހިނގުމުގެ ބަދަލުގައި އަދީބުގެ ހިނގުން އަވަސްކޮށްލިއެވެ.

“ފިލުވާލީ ދޯ… ވަގަކަށް ހާސްދުވަސް ވެރިއަކަށް އެއްދުވަހޭ ބުނެއެއްނު” ޖޯލިފައްޗާ އަދީބު އަރާ ހަމަވުމާއެކު ޖޯލީގައި އޮތް ދެމީހުންގެ ތެރެއިން އެކަކު ބުނެލިއެވެ. ވާހަކަދެއްކުމުގައި އެއްވެސް އަޙުލާޤީ މިންގަޑެއް ނެތްކަހަލައެވެ.

“ތީ އޮޅުމެއް، މީހަކަށް ސިއްރަކުން އަހަންނެއް ނޫޅެން” ގެއަށް ވަނުމުގެ ބަދަލުގައި ފާޑަކަށް ހިނިއައިސްފައި ހުރެ ޖޯލީގައި އަދީބު ވެސް ހަމަޖެހިލިއެވެ.

“ބޮއްޗު، ކަލޭ ބުނެބަލަ، މީނަ ވަގެއްނޫންތަ؟ އެކަން ކުރާނަމޭ ބުނެފައި އަހަރުމެންނަށް އަންގާނުލިއެއްނު، އެހެންވިޔަސް ހެޔޮ، މިރޭ މިތަނުގައި މިއޮތީ އަދީބު އަންނަންދެން، ސަޅި އެއްޗެއް ދައްކަންވެގެން؟”

މެދަށް ހުރި ޖޯލީގައި އަދީބު އޮވެފައި ކުޑަކޮށް ތެދުވެލީ އޭނާގެ ކަނާތްފަރާތުގައި ހުރި ޖޯލީގައި އިން މުރާދު އޭނާގެ ފޯނުން އެއްޗެއް ދައްކަން އުޅެން ފެށުމުންނެވެ. އެވަގުތު އަދީބުގެ އަނެއްފަރާތުގައި އޮތް ބުޝްރީ ވެސް ހެމުންހެމުން ބޯދިއްކޮށްލިއެވެ.

“އަދީބު، އޭނާ ދައްކަން އެއުޅޭ އެއްޗެއް ބަލާފައި ކަލޭ ޝޮކުނުޖެހޭތި، އަހަރުމެންނަށްވުރެ މި މުރޭ އުޅޭނީ މާކުރީގައި” ބުޝްރީ ހެމުންހެމުން އަދީބުގެ ކޮނޑުގައި އަތްއަޅުވާލިއެވެ. އަދި މުރާދު ދިއްކޮށްލި ފޯނަށް އަދީބު ބަލަން ފެށުމުން އޭނާގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިނީ ނުލަފާގޮތަކަށް ހެވިފައެވެ.

“މީ… ކޮންއިރަކު، މިރޭ…. އޭތް! މީތި ކަނޑައޭ! ޑިލީޓްކުރޭ…” މުރާދުގެ ފޯނުން ފެނުނު ވީޑިއޯ ބަލަން އިނދެފައި އަދީބު ފުންމައިގަތެވެ.

“ސަޅި މަންޖެގަނޑެކޭ މީނަ އަތުއަޅުވާލައިގެން މިއުޅެނީ” ހިނިއައިސްފައި އިނދެ ބުޝްރީ ބުންޏެވެ.

“ބޮއްޗު، މީގެ ކުރިން ވެސް އަހަރުމެން އެންމެން އެއްރިހަގަނޑެއް ހާވައި ކައިގެން މިތިބީ، އެހެންވީމަ މިފަހަރު ވެސް އެހެންނުވެއެއްނުދާނެ އެއްނު” އަދީބު އަތުން ފޯނު ޖަހައިގަންނަމުން މުރާދު ބުންޏެވެ.

“މުރޭ، ކަލޭ ތީތި އާންމުކޮށްފިއްޔާ މަވެސް ބޭޒާރުވާނެ، ކަލެއަށް ނޭނގުނުދޯ އަހަރެންގެ މޫނު ނާރާނޭހެން ތިކަން ކުރާކަށް” އަދީބަށް އޭނާގެ ރަޙުމަތްތެރިން ކުރި ކަންތައް ގޯސްކަމަކަށް ނުވިއެވެ. އޭގެ ބަދަލުގައި އޭނާ ކަންބޮޑުވީ ވީޑިއޯގައި އޭނާގެ މޫނު ފެންނަން ހުރީ މައެވެ. ސޮފޫރާ އާއިއެކު އޭނާ ގާތްވެގެން އުޅުނު ވަގުތު މުރާދު އެ މަންޒަރުތައް ވީޑިއޯ ކުރުމަކީ ބޮޑުކަމެއް ކަމުގައި އަދީބަށް ނުވީ އެއީ އެމީހުން އަލަށް ކުރާކަމަކަށް ނުވީމައެވެ.

“އަހަންނަށް ދޭންވީނު އެމަންޖެ” ދަހިވެތި ނަޒަރަކުން ވީޑިއޯއަށް ބަލަން އިނދެފައި މުރާދު ބުނެލިއެވެ.

“މަވެސް މިހާރު ފޫހިވެއްޖެ، އެކަމަކު ބުނަން، އެއީ ފަރިވެފައި އިން ތާޒާ މަލެއް، މަގޭ އަތުން ބިނދެލީ، ހިތުންނުފިލާވަރުކޮށްލާފައި ހުންނާނީ…. ބޭނުމިއްޔާ ދީފާނަން” ބޯދަށަށް އެއްއަތްލައްވާލައިގެން ޖޯލީގައި ހަމަޖެހިލައިގެން އޮތް އަދީބު ބުނެލިއެވެ. ކުޑަކޮށް ވެސް ސޮފޫރާގެ އިހުސާސުތަކާމެދު އޭނާ ނުވިސްނައެވެ. ސޮފޫރާގެ ކިބައިން އޭނާ ބޭނުންވި ކަންތައްވެއްޖެއެވެ. ވީއިރު އިތުރަކަށް ދެން ސޮފޫރާގެ ބޭނުމެއް ނެތެވެ. އަދީބު މިހާރު ބޭނުންވަނީ އަނެއްކާ ވެސް އައު މަލަކަށް ތިރިކުރާށެވެ. ފަރިވެފޮޅިފައި އިން ތާޒާމަލަކުން ފޮނުބޯލުމުގެ ޝައުގުވެރިކަމުގައެވެ.

“މަވެސް ވަރަށް ޝައުގުވެރިވެއްޖެ ތިކުއްޖާއަށް، ކުރިން ދިމާވާގޮތަށް ދޯ އެންމެން ދިމާވާނީ، އެހެންނޫނީ ޝައްކުވެގެން ނައިސްދާނެ” ބުޝްރީ އިނދެފައި މުރާދަށް ބަލާލަމުން ބުނެލިއެވެ.

“މިފަހަރު ވަރަށް ވިސްނަންވާނެ، ޙައިދަރުގެ ދަރިއެއްނު އެއީ” އަދީބު ވިސްނަންއޮވެފައި ބުނެލިއެވެ.

“ކޮން ޙައިދަރެއްތަ! އޭނާއަށް އެނގޭތަ އޭނާގެ ދަރިއުޅޭ ގޮތެއް، މާކަންތައްބޮޑުކުރަންޏާ މިއޮތީނު ވީޑިއޯ ވެސް، އޭރުން ޖެހޭނީ އަހަރުމެން ބުނާގޮތެއް ހަދަން” މުރާދު ބުނެލީ ވަރަށް ވެސް ޔަގީންކަމާއެކުއެވެ. އަދި ހީވީ އޭނާގެ ތަޖުރިބާގެ މައްޗަށް ބުނެލި ހެންނެވެ.

“ކިހާ ދެރަކަމެއް މުރޭ، މަމިބުނީނު ތި ވީޑިއޯ ލީކުކޮށްގެން ނުވާނެއޭ” އަދީބު ތަންކޮޅެއް ބާރަށް ބުންޏެވެ.

“ކަލޭ ހާސްނުވެބަލަ، އަހަރުމެން މި ވީޑިއޯ އެޑިޓުކޮށްލަ ފާނަމޭ، އޭރުން އެކަކަށް ވެސް ނޭނގޭނެ އެއީ ކަލޭ ކަމެއް، ދޯ ބޮއްޗު” އަތުގައި އޮތް ފިލްޓަރު ބުރި ޖޯލި ކައިރިއަށް ވައްޓާލާފައި މުރާދު ބުނެލިއެވެ.

* * * *

އަރައިގެން އައި އިރާއެކު އާތިޤާ އައިސް ދަރިފުޅުގެ ކޮޓަރީގައި ޓަކިޖަހަން ފެށިއެވެ. ބޯހިތްލާލާފައި ސޮފޫރާ “ހޭލައިފީމޭ” ބުނެލިއެވެ. އެއަޑަށް އާތިޤާ ހިނގައިގަތީ ބަދިގެއާ ދިމާލަށެވެ. ގެއަށް އަންނަން އުޅޭ މެހެމާނުންނަށް ސައިތައްޔާރު ކުރުމަށްޓަކައި ތަފާތު ވައްތަރުތައް ހެދުމުގެ ޚިޔާލުގައި ހުރެއެވެ. އަދި ސޮފޫރާ ހޭލައިގެން އޭނާއަށް އެހީވުމަށް ލަސްނުވެ އަންނާނެއޭ ހީކުރަމުންނެވެ.

ފާލަންކޮޅުގައި ދެކޮޅަށް ހިނގާލަހިނގާލާ ހުރި ޙައިދަރު އަތުކުރީ އޮތް ގަޑިއަށް ބަލާލިއެވެ. ހެނދުނު ދިހައެއްޖަހައި ދިޔައީއެވެ. އެއްފަރާތުގައި ފޯނެއްގައި ހުރި ރަށުގެ ކުރީގެ ކަތީބުކަން ކުރި އީސަ ފޯނު ތިރިކޮށްލުމާއިއެކު ޙައިދަރާ ދިމާލަށް އައެވެ. އެންމެން ވެސް އޭނާއާ މުޚާޠިބުކޮށް އުޅެނީ ކަތީބުއީސަގެ ނަމުންނެވެ.

“ލުތުފީމެންގެ ލޯންޗު މިހާރު ފަޅަށްވަންނީއޭ ބުނީ” އީސަ އައިސް ޙައިދަރުގެ ގާތުގައި މަޑުކޮށްލަމުން ބުނެލިއެވެ.

“އެހެންތަ؟ އީސަ ވާނެ އެމީހުންނާއެކު އަހަރުމެންގެއަށް ވަދެލަން، އަހަންނަށްވުރެ އޭނާއާ ރައްޓެހިވާނީ އީސައެއްނު، އަހަރުމެންގެ ގޭގެ ކަންތައް ހުންނަގޮތް އަހަރެންގެ ދުލުން ބުނުމަށްވުރެ އީސަ އޭނާއަށް ކިޔައިދިނުމުން ގަބޫލުކުރާނެ” ދުރުން ފެންނަން ހުރި ނެރާ ދިމާލަށް ނަޒަރު ހުއްޓާލައިގެން ހުރެ ޙައިދަރު ބުންޏެވެ.

“ލުތުފީއަކީ ވަރަށް ހިތްހެޔޮ ރަނގަޅު މީހެއް، ގިނަ މީހުންނަށް އޭނާގެ ފަރާތުން ފައިދާ ނެގެނީ އެހެންވެގެން، މިރަށުގައި އަހަރެން އެންމެ އިތުބާރު ކުރާ މީހަކީ ތީ، އެހެންވެ ލުތުފީ ތިގޭގައި ބަހައްޓައިދޭން ބުނީ، އަހަންނަށް އެނގޭ ޙައިދަރު ކޮންމެކަމެއްކޮށްދޭނީ ވެސް ޙައިދަރަށް ވެވެންއޮތް އެންމެ ފުރިހަމައެއްކޮށްކަން، އަހަންނަށް ޔަގީން ލުތުފީއާ ބައްދަލުވުމުން ޙައިދަރަށް ވެސް ކަމުދާ މީހަކަށް އޭނާ ވާނެކަން…. ބަލާ! އެއޮށްވަނީ އެމީހުންގެ ލޯންޗުކަންނޭނގެ” ވާހަކައިގައި ހުރެފައި ކުއްލިއަކަށް އީސަ އިޝާރާތްކޮށްލީ ރަށުގެ ފަޅުތެރެއަށް ވަދެގެން ފާލަމާ ދިމާލަށް އަންނަ ލޯންޗަށެވެ.

ލޯންޗުން ފޭބި ޒުވާނަކު ވަލުގައި ހިފާ ދަމާލާފައި ލޯންޗު ފާލަމާ ކައިރިކޮށްލުމުން ގެގަޑުތެރެއިން ނިކުމެގެން އައިސް ފާލަމަށް އެރީ އާދައިގެވަރެއްގެ ހަށިގަނޑެއްގެ ލިބިފައިވާ އިސްކޮޅުން ދިގު ފިރިހެނެކެވެ. ކުރުކޮށްކޮށާފައި ހުރި ކަޅުކުލަ ގަދަ އިސްތަށިގަނޑާއި ދެތުންފަތުގެ ވަށައިގެން ހުންނަ ގޮތަށް ހަދާފައިވާ ތުނބުޅި މަތިމަހުގެ ސަބަބުން ފެންނަނީ އުމުރަށްވުރެ ޒުވާންކޮށެވެ. ލާފައި ހުރީ ފެހިކުލަތަށްއެކުލެވިފައިވާ ބޮޑެތި މާޖެހި ކޮޓަން ވައްތަރުގެ ގަމީހަކާއި މަޑުނޫކުލައިގެ ޖިންސެކެވެ. ޙައިދަރު އޭނާއަށް ވަރަށް ރަނގަޅަށް ބަލާލިއެވެ. އޭނާއަށް ވުރެ އުމުރުގެ ގޮތުން މާބޮޑު ތަފާތެއް ހުންނާނެއެކޭ ޙައިދަރުގެ ހިތާ ސިކުނޑި އެއްބަހެއް ނުވިއެވެ. އޭނާ މަޑުކޮށްލައިގެން ހުރީ އީސަގެ އިޝާރާތަކަށެވެ.

“ލުތުފީ..” އީސަ ކުރިއަށް ޖެހިލިއެވެ.

“އައްސަލާމް އަލައިކުމް” ވަރަށް ހިނިއައިސްފައި ހުރެ ލޯންޗުން ފޭބި ޒުވާނާ އީސައާ ސަލާމްކޮށްލިއެވެ. އެވަގުތު ލޯންޗުން ފައިބައިގެން އައިސް އެ ޒުވާނާގެ ދާދި ގާތުގައި މަޑުކޮށްލީ ޅަ ފިރިހެން ކުއްޖެކެވެ.

“އުޒެއިރު، އީސަބެއާ އަވަހަށް ސަލާމްކޮށްލަބަލަ” އެއްފަރާތުގައި ހުރި ދަރިފުޅަށް ބަލާލަމުން ލުތުފީ ބުނެލިއެވެ. އެއާއެކު ނުކެރިފައި ހުރެ އުޒެއިރު އީސައާ ސަލާމްކޮށްލިއެވެ.

“ލުތުފީ، މީ ޙައިދަރު” އުޒައިރުގެ ބޮލުގައި އަތްޖައްސާލާފައި އެނބުރިލި އީސަ، ލުތުފީއަށް ޙައިދަރު ދައްކާލިއެވެ.

“އީސަބެ ޙައިދަރަށް ވަރަށް ތަޢުރީފުކުރި، މުޅި ރަށުގައި ވެސް ޙައިދަރާ އެއްވެސް ގޮތަކުން ހަމަހަމަކުރެވޭނޭ އެކަކު ވެސް ނުހުންނާނެއޭ ބުނި، ވަރަށް އުފާވެއްޖެ ބައްދަލުވީމަ، އަދި ވަރަށް ބޮޑަށް ޝުކުރިއްޔާ އަހަރުމެން ހުރުމުގެ ކަންކަން ތިގޭގައި ހަމަޖައްސައި ދިނީމަ” ހިނިތުންވެލައިގެން ހުރި ލުތުފީ ޙައިދަރާއި ސަލާމްކޮށްލާފައި އޭނާގެ އަތުން ދޫކޮށްނުލާ ހުރެ ބުނެލިއެވެ. އަދި އެނާގެ ދަރިފުޅުގެ އަތުގައި ހިފާލަމުން އެ ކުއްޖާ ކުރިއަށް ނެރިލާފައި އެއީ “އުޒައިރު” ކަމުގައި ބުންޏެވެ.

ލުތުފީގެ އެއްޗެހި ތަންކޮޅެއް ދުރުގައި ބަނދަރުމަތީ މަޑުކޮށްފައި އޮތް ޓެކްސީއަށް އަރުވާފައި އެއަށް އެންމެން އެރިއެވެ. ގިނައިރެއްނުވެ ޙައިދަރުގެ ގޭދޮށަށް އާދެވިއްޖެއެވެ. ކާރުގެ ޑިކީއިން ލުތުފީގެ ފޮށިތައް ނަގައި ގޭތެރެއަށް ވެއްދީ ޙައިދަރެވެ. އީސަ އާއިއެކު ލުތުފީގެ ދެބަފައިން އެގޭ ތެރެއަށް ވަނެވެ. ގޯތިތެރޭގައި ކަށިވެލި ލާފައި އޮތްއިރު ހީވަނީ ލުތުފީމެން އަންނާތީ އެމީހުންނަށްޓަކައި ވެލިއާކޮށްފައި އޮތްހެނެވެ. ތަފާތުވައްތަރުގެ މައުތަކާއި ގަސްތައް ގޯތީގެ ދެފަރާތުގައި އިންދާފައި ހުރިއިރު އިށީނުމަށް ހަދާފައި ހުރި ބޮޑު އަށްޓެއް ހުއްޓެވެ. ހިތްހަމަޖެހުމުގެ ނޭވާއެއް ލުތުފީ ބޭރުކޮށްލިއިރު އޭނާގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން ފިލައިގެން ނުދެއެވެ. ޙައިދަރު ގޯތިތެރޭ ހުރި އަށްޓާއި ދިމާއަށް އަތްދިއްކޮށްލަމުން އެތަނުގައި އީސަ އާއި ލުތުފީމެން އިށީނުމަށް ބުނެފައި އެތެރެގެއާއި ދިމާލަށް ހިނގައިގަތެވެ.

“އާތިޤާ… އާތިޤާ… އަހަރުމެން މިއައީއޭ” ޙައިދަރު ގޭތެރެއަށް ވަންނަމުން ގޮވާލިއެވެ.

“ތިއައީތަ؟” ހަލުވިކޮށް ބަދިގެފަރާތުން ނިކުމެގެން އައި އާތިޤާ ބުނެލިއެވެ.

“އެމީހުން އެތިބީ ބޭރު އަށީގައި، ބޯލާނެ ފިނިއެއްޗެއް ހިފައިގެން އާދެބަލަ” މިހެން ބުނުމާއިއެކު ޙައިދަރު އަނެއްކާ ވެސް ނިކުތީ ބޭރަށެވެ. އަދި ފޮށިތައް ގެނެސް ސިޓިން ރޫމުގައި ބަހައްޓާލުމާއިއެކު އެނބުރި ލުތުފީމެންގެ ގާތަށް އައެވެ.

އަށިކައިރީ ޖަހާފައި ހުރި ސިމެންތި ބުޑުތަކުން ބުޑެއްގައި ޙައިދަރު އިށީނުމާއިއެކު ލުތުފީ ވާހަކަދައްކަން ފެށިއެވެ. ގޯތިތެރޭގައި ވައްތަރުވައްތަރުގެ ގަސްއިންދާފައި ހުރުމުން ހިތްފަސޭހަ ވާހަކައެވެ. ރާއްޖެތެރެއަށް އަންނަ ހިތްވަނީ އެހެންވެކަމެވެ. ސިކުނޑިއަށް ފިނިކަން ލިއްބައިދޭ ފެހި މާޙައުލެއްގައި އުޅެލަން ބޭނުންވާތީ ކަމުގައެވެ.

“މިއޮއް އައީ މިގެ ބަލަހައްޓާ މީހަކީ؟ ގޯތިތެރޭގައި އިންދާފައި ހުރި ހުރިހާ ގަހަކީ އެމަންޖެގެ ބުރަ މަސައްކަތް، ދޯ ޙައިދަރު” އީސަ މިހެން ބުނުމާއެކު ޙައިދަރު ފަހަތަށް ބަލާލިއެވެ. އޭރު އާތިޤާ ކޯކުތަށިތަކެއް އަތުރައިފައި ހުރި ތަބަކެއް ދެއަތުން ހިފާލައިގެން އެ ދިމާއަށް އަންނަނީއެވެ. އަށީގައި އިން ލުތުފީގެ ނަޒަރު އާތިޤާއަށް ހުއްޓުނު ގޮތަށް އެހެން ދިމާލަކަށް ބަލައެއް ނުލެވުނެވެ.

މުށިކުލަ ގަދަ ހަންގަނޑާއި ބޮލުގައި ހުރި ބޮޑު ހުޅިއާއިއެކު އާތިޤާގެ ދިގުމޫނުމަތީގައި އާދަޔާ ޚިލާފު ހިތްގައިމު ގޮތެއް ހުރިކަން ލުތުފީއަށް ފާހަގަކުރެވުނެވެ. ތަންކޮޅެއް ބޮޑަށް ދެފަރާތަށް ދެމިލާފައި ހުރި ބޮޑު ދެތުންފަތުން ހިނިތުންވެލައިގެން ހުރިއިރު އެ ހިނިތުންވުމުން ހިތްހެޔޮކަން ފާޅުވަމުންދިޔައެވެ. ތަބަށްހިފައިގެން ފަރިތަކަމާއިއެކު ފަރިކޮށް ހިނގާލަފައި އައިރު އާތިޤާ ލައިގެން ހުރި ދެމޭ ފޮތީގެ ހަރުވާޅުހެދުމުގެ ފަސްބައި ކަށިމައްޗަށްވުރެ ތިރީގައި ހޭކެމުންދިޔައެވެ. ފުރަތަމަ ވެސް އައިސް ތަބަށް ދިއްކޮށްލީ އީސައަށެވެ. އެތަނުގައި އުމުރުގެ ގޮތުން އެންމެ ދުވަސްވެފައި ހުރި މީހަކީ އޭނާއަށްވީތީއެވެ. ދެން އިސްކުރީ ގެއަށް އައި މެހެމާނެވެ. އާތިޤާ ފެނުނީއްސުރެން ހިނިއައިސްފައި އިން ލުތުފީއަށް ބަލަހައްޓައިގެން އިނދެވުނީއެވެ. އެއާއެކު އާތިޤާ ކޯކުތަށްޓެއްނަގައި ލުތުފީއަށް ދިއްކޮށްލިއެވެ. އެހިނދު އެ ތަށީގައި ނުހިފައި އިންނާކަށް ލުތުފީއަކަށް ނުކެރުނެވެ.

“ޝުކުރިއްޔާ” އާތިޤާއަށް ބަލަހައްޓައިގެން އިނދެ ލުތުފީ ބުނެލިއެވެ.

“މީ ކޮންކުއްޖެއްތަ؟ ކުޑަކުދިން ކޯކު ބޯކަށް ނުވާނެ، ދޮންބޭބެ ނުބުނަމެއްނު ކުޑަކުއްޖަކު އަންނަ ވާހަކައެއް” ލުތުފީގެ ގާތުގައި އެ މާޙައުލަށް އާވެފައިއިން އުޒައިރަށް އާތިޤާ ބުނެލިއެވެ.

“މީ އަޅުގަނޑުގެ ދަރިފުޅު، ރަނގަޅުވާނެ، އުޒައިރު ބޯނެ ކޯކު” ލުތުފީ ބުންޏެވެ. އެއާއެކު އާތިޤާ ކޯކުތަށި ދިއްކޮށްލިއެވެ.

“އަންނާނަން ދޮންބޭބެއަށް ތަށްޓެއް ހިފައިގެން”

އުޒައިރު އައިސް އިންކަން ނޭނގޭތީ އާތިޤާ ގެނައި ކޯކުތަށިތައް މަދުވީއެވެ. އެހެންވެ ޙައިދަރަށް ދިނުމުގެ ބަދަލުގައި ތަބަކުގައި އެންމެފަހުން ހުރި ތަށި އުޒައިރަށް ދިއްކޮށްލީއެވެ. އަދި ގޭތެރެއަށް ވަނުމަށް ހިނގައިގަތެވެ.

“ޙައިދަރުއާ ހާދަވައްތަރޭ، އަނެއްކާ އަންހެނުންތަ އެއީ” ހިތަށް ގޮތްތަކެއްވެފައި އިން ލުތުފީއަށް އަހާލެވުނެވެ.

“އެހެންވެތަ ތިވަރަކަށް ތިބަލަނީ” އީސައަށް ލުތުފީ އެވަރަށް އާތިޤާއަށް ބެލިކަން ފާހަގަކުރުމުން ރަކިގޮތަކަށް ހިނިއައިސްފައި އިސްޖަހާލެވުނެވެ.

“ވައްތަރުވާނެއެއްނު، އެއީ އަހަރެންގެ އެއްބަނޑު އެއްބަފާ ކޮއްކޮ، އީސަ ނުބުނޭތަ އަހަރެންގެ އަނތްބަކު ނުހުންނަ ވާހަކައެއް” ކުޑަކޮށް ހީނލާފައި ޙައިދަރު ބުންޏެވެ.

“އަހަންނަށް އަދި ނުބުނެވޭ ތިޔަކަހަލަ ވާހަކައެއް” ކޯކުތަށިން އެތިފޮދެއް ބޯލާފައި އީސަ ބުންޏެވެ.

“އެއީ އާތިޤާ، އޭނާ އާއި އޭނާގެ ދަރިފުޅު ސޮފޫރާ އުޅޭނެ މިގޭގައި، ތަންކޮޅެއް ކުރިން އާދެވުނު ނަމަ އަހަރެންގެ ދަރިފުޅާ ވެސް ދިމާވީސް” ޙައިދަރު ކިޔައިދިނެވެ.

“މިހާރު ޙައިދަރުގެ ދަރިފުޅު ކޮބާ؟”

ލުތުފީގެ ސުވާލާއިއެކު ޙައިދަރު އޭނާގެ ދަރިފުޅު އަރުފީނު މާލޭގައި ކިޔަވަން ހުރި ވާހަކަ ބުންޏެވެ. އެއާއިއެކު ލުތުފީވީ މަލީކުގެ ކޮއްކޮ މެހެނާޒު އިނދެގެން އުޅޭ ޝުއައިބުގެ ވަރަށް ގާތް ރަޙުމަތްތެރިއަކަށެވެ. އޭނާއަށް ވަގުތުން މަލީކުމެންގެ ޢާއިލާގެ ގޮތް އެނގުނެވެ. އަދި ޚާއްޞަކޮށް މަލީކު އާއި ޝާރުދާގެ ދެމަފިރިންގެ ހެޔޮކަން އޭނާ ފާހަގަކުރިއެވެ. އެވާހަކަތައް އިވިފައި ޙައިދަރުގެ ހިތަށް ކުރިއަށްވުރެ ބޮޑު ހަމަޖެހުމެއް ލިބިގެންދިޔައެވެ.

“ޙައިދަރު، އާތިޤާ… ދަރަފުޅާއެކު މިގޭގައި އުޅެނީ… ކޮބާ ދަރިފުޅުގެ ބައްޕަ؟” ހިތަށް އުނދަގޫކުރަމުން އައި ސުވާލެއްގެ ޖަވާބު ހޯދުމަށް ޙައިދަރާ އެ ސުވާލު ލުތުފީ ކުރީ ކޮންމެވެސް ވަރެއްގެ ޖެހިލުންވުމަކާއިއެކުއެވެ.

“އަހަރުމެން ދެބެންނަށް ވެސް މިތިބީ އެއްހާލެއްޖެހިފައި، ކޮއްކޮގެ ފިރިމީހާ ވެސް އަހަރެންގެ އަނބިމީހާ ވެސް މިހާރު ދުނިޔެއަކުނެތް…. ލުތުފީ، ހިނގާ ކޮޓަރިދައްކާލާނަން، މެންދުރު ނަމާދު ވަގުތު ޖެހެނީއެއްނު، ނަމާދުކޮށްލައިގެން އައިހެއްނު ކާނީ، ނޫނީ މިގަޑީގައި ލުއިއެއްޗެއް ހަދާލައިގެން ގެންނަން އާތިޤާ ގާތު ބުނެލަންތަ؟” ޙައިދަރު އަމިއްލަ ވާހަކަ ދުރުކޮށްލަމުން ބުނެލިއެވެ.

“ނޫނޭ، ދެން ޙައިދަރު ބުނިހެން މެންދުރު ނަމާދުކޮށްލައިގެން އައިސް ކާނީ، ހިނގާ ދަމާ”

މެދާ ހަމައަށް ބޯލި ކޯކުތަށި އަށިމަތީ ބަހައްޓާފައި ލުތުފީ ތެދުވިއެވެ. އެއާއެކު އުޒައިރު ވެސް ބައްޕައާއެކު ތެދުވިއެވެ. އީސަ ތެދުވެ ޙައިދަރާއި ލުތުފީއާ ސަލާމްކޮށްލާފައި މެންދުރު ނަމާދުވަގުތު ޖެހެންވާއިރަށް ގޭދޮށަށް ދަނީކަމުގައި ބުންޏެވެ. އަދި އޭނާ ފަހުން އަންނަނާން ކަމުގައި ބުންޏެވެ. އީސަ ދޮރޯށިން ނިކުތުމާއިއެކު ލުތުފީ އާއި އުޒައިރު ޙައިދަރާއެކު އެތެރެގެއަށް ވަނުމަށް ހިނގައިގަތެވެ.

ކުޑަކޯކު ފުޅިއެއް ތުނބުގައި ޖަހާލައިގެން ކާގެއިން ނިކުމެގެން އައި ސޮފޫރާއަށް ޙައިދަރާއި ލުތުފީގެ ދެބަފައިން ފެނި ހުއްޓުން އެރިއެވެ. އޭރު ޙައިދަރު އެމީހުން ގޮވައިގެން އެގޭގައި ހުސްކޮށް ހުރި ކޮޓަރިއަށް ވަންނަނީއެވެ. ދުވެފައި އައިސް ކާގެއަށް ވަން ސޮފޫރާ އާތިޤާއާ ސުވާލުކުރަން ފެށިއެވެ.

“މަންމާ، އެއީތަ އެމީހުންނަކީ؟ ދެން މިގޭގަތަ ތިބޭނީ، ކިހާ ދުވަހެއްވަންދެންތަ ތިބޭނީ؟ އެމީހާގެ ދަރިއެއްތަ ކުޑަކޮށްހުރި ފިރިހެންކުއްޖާއަކީ” އެއްފަހަރާ ސޮފޫރާ އަހާލިއެވެ.

“އާން! ސޮފޫރާ ނުވާނެ ފާޑުފާޑުގެ ހެދުން ލައިގެން ގޭތެރޭގައި އުޅެގެން، ރީތިކޮށް ނިވާވެގެން ދެން ނިކުންނަންވާނީ، މެންދުރުވަންދެން ނިދަން އޮވެގެން ވެސް ނުވާނެ، މިހާރު ވަރަށް ކަންނެތްވެއްޖެ ސޮފޫރާ، އަބަދުކަމަކީ ނިދުން، ނޫނީ ތިފޯނުގަނޑުގައި އޮތުން… ބުނަން ވާހަކައެއް! މިދުވަސްކޮޅު ގޭގައި މެހެމާނަކު ހުއްޓާ ބައްޕަ ލަދުގަންނަވަރުގެ ކަމެއްނުކުރާތި” އާތިޤާ ހީވީ ދަރިފުޅަށް އިންޒާރެއް ދިންހެނެވެ.

މެންދުރު ނަމާދަށް ލުތުފީ ދިޔައީ ދަރިފުޅު އުޒައިރު ގޮވައިގެން ޙައިދަރާއެކުއެވެ. ރަށުގެ ގިނަ ބަޔަކު އެ މިސްކަތަށް އަރާ އިސާހިތަކު މުޅި މިސްކިތް ފުރި ބާރުވެއްޖެއެވެ. ލުތުފީ އެންމެ ފަހުން އެ ރަށަށް އައިއިރު އެ މިސްކިތެއް ވެސް ނެތެވެ. އޭރު އަދި އޭނާއަށް އުޒެއިރު ވެސް ނުލިބެއެވެ. އޭރަށްވުރެ ރަށް ތަރައްޤީވެފައިވާކަން ލުތުފީއަށް ފާހަގަކުރެވުނެވެ. ނަމާދުން ފައިބައިގެން ގޭދޮށަށް އައިއިރު ލުތުފީ، ޙައިދަރުގެ ގާތުގައި އެ ވާހަކަތައް ދެއްކިއެވެ. ކުރިން ރަށް ފެނުނު ގޮތާއި މިހާރު އޭނާއަށް ރަށް ސިފަވާގޮތުގެ ވާހަކަތަކެވެ. ޙައިދަރު ރަށަށް އައި ބޮޑެތި ތަރައްޤީތަކުން ފާހަގަކޮށްލެވޭ ކަންކަން ލުތުފީއަށް ކިޔައިދިނެވެ. އަދި ހަވީރު ރަށުތެރޭ ހިނގާލަން ނިކުންނަން ޚިޔާލު ދިނެވެ.

“މަންމާ! މަންމާ!… ބައްޕަމެން އަތުވެއްޖެ” ދޮރޯށި ދޮށުގައި ހުރި ސޮފޫރާއަށް ޙައިދަރުމެން އަންނަތަން ފެނުމާއިއެކު ދުވެފައި ބަދިގެއަށް އައިސް އާތިޤާ ގާތުގައި ބުނެފިއެވެ.

“ދެންވެސް ނުހުރެ އަލަމާރީގައި ހުރި ފަނިފުޅި ހިފައިގެން އައިސް މިހިރަ ތަށިތަކަށް އަޅާބަލަ” އަތްމަތި އަވަސްކޮށްލަން ބޭނުންވި އާތިޤާ ބުންޏެވެ. ސޮފޫރާ އައިސްއަލަމާރި ދޮރުހުޅުވާލާފައި ފަނިފުޅި ނަގައިގެން އައިސް އާތިޤާ ބުނިހެން ކަންތައްކޮށްފިއެވެ. ދެމައިންނަށް މޭޒާ ދުރަށް ޖެހިލެވުނުތަނާ އެތަނަށް ލުތުފީ ގޮވައިގެން ޙައިދަރު ވަދެއްޖެއެވެ.

“ހާދަ މީރުވަސް ދުވައޭ، ދޯ ދަރިފުޅާ” ޙައިދަރު އިޝާރާތްކޮށްލި ދިމާލުން ގޮނޑިއެއްގައި އިށީންނަމުން ލުތުފީ ބުންޏެވެ. އާތިޤާ އައިސް އުޒައިރު އިށީނުމަށް ގޮނޑި ދަމާލަދިނެވެ. އެ މަންޒަރުވީ ލުތުފީގެ ހިތަށް ފިނިކަމެއް ގެނެސްދިން މަންޒަރަކަށެވެ.

އެންމެނަށް ކާމޭޒުމަތީ އެހީތެރިވުމުގައި އާތިޤާ އުޅުނުއިރު ޙައިދަރުގެ އެދުމަށް ކެއުމުގައި ސޮފޫރާ ވެސް ބައިވެރިވިއެވެ. ދަރިންނާއެކު ކެއުމަކީ ޙައިދަރުގެ އާދައަކަށްވެފައިވާތީއެވެ. ލުތުފީ އެކަމަށް ތާއީދުކުރިއެވެ. އޭނާ އާތިޤާގެ ގާތުގައި ވެސް ކާން އިށީނުމަށް އެދުނެވެ. ނަމަވެސް އާތިޤާ ބޭނުންވީ އެންމެން ކައި ނިމިންދެން އެމީހުންގެ ޚިދުމަތުގައި މަޑުކޮށްލައިގެން ހުންނާށެވެ.

ހަވީރު ހިޔާ އެޅިލުމުން ޙައިދަރާއިއެކު ބޭރަށް ދިޔަ ލުތުފީ ގެއަށް އައިސް ވަނީ ޙައިދަރާއިއެކު އިޝާ ނާމާދު ވެސް ކޮށްލައިގެންނެވެ. އޭރު ނަމާދުން ފައިބައިގެން އައިސް ސިޓިން ރޫމު ސޯފާގައި އާތިޤާ ޓީވީ ބަލަން އިނެވެ. ކުޑަކޮށް ހުޅުވިފައި ހުރި ދޮރުން ސޮފޫރާ އޭނާގެ ކޮޓަރީގައި ފޯނުން ވާހަކަދައްކަން އޮތްތަން ފެނެއެވެ. ރޭގަނޑުގެ ކެއުން ނިންމާލާފައި ޙައިދަރު ދިޔައީ ފިހާރައިގެ ކަމެއް ޖެހިގެންނެވެ. ލުތުފީ ގޯތިތެރޭގައި ހުރި އަށީގައި އައިސް އިށީނެވެ. އޭރު ޓިވީބަލަން އުޒައިރު އިނެވެ. އަށީގައި ފަހަތަށް ވާގޮތަށް އެއްއަތް ވިއްދާލައިގެން ސިނގިރޭޓެއް ރޯކޮށްލައިގެން އިން ލުތުފީ ފެނިފައި އާތިޤާ ހީކުރީ ފޫހިވެފައި އޭނާ އިނީކަމުގައެވެ. ޙައިދަރު އެނބުރި އަންނާނެ އިރެއް ނޭނގޭތީ ލުތުފީއާ ވާހަކަދައްކާލަން އޭނާ ދުފާތަބަށް ތައްޔާރުކޮށްލައިގެން ގޯތިތެރެއަށް ނިކުތެވެ.

“މިކޮޅުގައި ކުރާނޭ މާގިނަ ކަންތައްތަކެއް ނުހުންނާނެ، އެހެންވެ ހީވާނެ މާ ދުވަސް ދިގުހެން” ދުފާތަބަށް ހިފައިގެން އައިސް އަށްޓާ ކުރިމަތިވާގޮތަށް އިށީން އާތިޤާ ބުނެލިއެވެ.

“މާލޭގެ ހަލަބޮލި މާޙައުލަށްވުރެން މިގޮތްމާ ހިތްފަސޭހަ، ކުރަންޖެހޭ ކަންކަން މަދުވުމަކީ ވިސްނާ ފިކުރުކުރަން ލިބޭ ވަގުތު އިތުރުވާ ކަމެއްނު” ލުތުފީގެ ސަމާލުކަން އޭނާގެ ކުރިމަތީ އިން އާތިޤާ އަތުލައިފިއެވެ.

“ކުރިން ހިޔެއްނުކުރަން ލުތުފީ ސިނގިރޭޓު ބޯކަމަކަށް” އާތިޤާއަށް ސިނގިރޭޓުގެ ވަހަކީ އެއްވެސް ގޮތަކަށް ކަމުދާ ވަހެއްނޫނެވެ. ސިނގިރޭޓު ބުއިމަކީ އޭނާ ތަރުހީބު ވެސް ދޭކަމެއް ނޫނެވެ.

“ދުވާލަކު ބޮނީ އެކަތި، ރޭގަނޑު މިހެން ބޯހަމަޖައްސާލަން އިނދެލާ ވަގުތަކު ސިނގިރޭޓެއް ބޯލަނީ” ލުތުފީގެ އަޑުގައި މަޑުމޮޅިކަމެއް އެކުލެވިގެން ދިޔައެވެ.

“ވިޔަފާރީގެ ކަންތަކުގައި އެހާވެސް ވިސްނަންޖެހޭތަ؟ ދޮންބޭބެ ވެސް އެ ދިޔައީނު މިރޭ ފިހާރައޭ ބުނާއިރަށް”

“ވިސްނަންޖެހިފައި އޮތީ ހަމައެކަނި ވިޔަފާރީގެ ކަންތަކުގައެއްނޫން…” އާތިޤާގެ ވާހަކައަޑުއިވުމުން ލުތުފީ ބުނެލިއެވެ.

“ވާހަކައެއް އަހާލަންތަ؟ އުޒައިރުއަށް ކިތައް އަހަރުތަ؟ އޭނާއަށް ސުކޫލުވެސް ނެތީތަ ލުތުފީ އެކުއްޖާ ގޮވައިގެން ތިއައީ” އާތިޤާ ފަސްއެނބުރި ގޭތެރެއަށް ބަލާލާފައި އަހާލިއެވެ.

“އެގާރަ އަހަރު ފުރުނީ، ރާއްޖޭން ބޭރުގައި ކިޔަވަން ބަހައްޓައިގެން އުޅުނީ، އެކަމަކު އެތަނުގައި އޭނާ ހުންނާކަށް ބޭނުމެއްނުވި، އެހެންވެ މާލެ ގެނެސް މާލޭގެ ސުކޫލަކަށް ވައްދަން މިއުޅެނީ، އެޑިއުކޭޝަނުންވަނީ ކުރިއަށް އޮތް މަސްތެރޭ ހަމަޖެހޭނަކަމަށް އަންގާފައި، މިކޮޅަށް އަންނަން ނިންމީ ވެސް އުޒައިރު ގޮވައިގެން މާލޭގެ މާޙައުލާ ދުރަށްދާން ވިސްނާފައި” ލުތުފީގެ ވާހަކަތައް އަޑުއަހަން އިންއިރު އޭނާ އުޒައިރުގެ މަންމަގެ ވާހަކަ ނުބުނާތީ އެކަމާ އާތިޤާ ސުވާލު އުފެދުނެވެ. ކޮބާތޯ އަހާލަން ބޭނުންވެފައި އިންދާ ލުތުފީގެ ދުލުން ބުނެލި ވާހަކައަކުން އާތިޤާ ބޭނުންވި ޖަވާބު ލިބިގެން ދިޔައެވެ.

“އުޒައިރަކީ ކުރިން އެހެން މަޑުމަޑުން ހުންނަ ކުއްޖެއްނޫން، އެކަމަކު ނާޝިދާ މަރުވިފަހުން އެ ދަރިފުޅު މުޅިން ބަދަލުވެއްޖެ، އަހަރެންގެ ދިރިއުޅުން ވެސް މުޅިން ބަދަލުވެއްޖެ، މިހާރު އަހަރެންގެ ހުރިހާ ވަގުތެއް އެ ދަރިފުޅާއެކު ހޭދަކުރަން ބޭނުންވަނީ، ހަޤީޤަތުގައި މި ދަތުރަކީ ވިޔަފާރި ދަތުރެއް ނޫން… މިއީ އުޒައިރަށްޓަކައި ކުރި ދަތުރެއް” މައްޗަށް ބަލަހައްޓައިގެން އިނދެ  ލުތުފީ އަނގައިންނާއި ނޭފަތުން ދުންތައް ނެރެލިއެވެ.

ބޮޑުކޮޓަރިތެރޭގައި އިން އުޒައިރު ފެނުމުން ސޮފޫރާ ވަށައިގެން ހޯދާލިއެވެ. އާތިޤާ ކޮބައިބާއޭ ހިތަށްއަރާފައެވެ. ހަމަ އެވަގުތު ބޭރުން ބަޔަކު ވާހަކަދައްކާ އަޑުއިވެއެވެ. އޭނާ ފެންޑާގެ ތެރެއަށް ނިކުތުމާއިއެކު އަށީގައި އިން ލުތުފީ އާއި ފުރަގަސް ދީގެން އިން އާތިޤާ ލޮލުގައި އަޅައިގަތެވެ. ދެން ބަލާލެވުނީ ފޯނަށެވެ. ނުވައެއް ޖަހާ ދިޔައީއެވެ. މިރޭ ޝިޔާނާއަށް ވެސް އާދެވޭ ގޮތެއް ނުވިއެވެ. ޙައިދަރު ބޭރުގައި އުޅެނިކޮށް ސޮފޫރާ ފެނިދާނެއެވެ. އަނެއްކޮޅުން އާތިޤާ އާއި ލުތުފީ ކުރިމަތިން ލާފައި ދާން އޭނާ ބޭނުމެއްނުވިއެވެ. އާތިޤާ ކުރާހާ ސުވާލަށް ޖަވާބުދޭން ބޭނުންނުވާތީއެވެ. ފޫހިވެފައި ހުރެ އަނގައިން އަޑެއް ލައްވާލުމާއިއެކު އައިސް ސޯފާއަށް ވެއްޓިގަތެވެ. އެއާއެކު އުޒައިރު ހައިރާންވެފައި ސޮފޫރާއަށް ބަލާލިއެވެ. އަދި އަތުގައި އޮތް ރިމޯޓު އަވަހަށް ކުރިމަތީ ހުރި ކުޑަމޭޒުމަތީ ބާއްވާލިއެވެ.

“ރިމޯޓު ހިފައިގެން އިނަސް އެންމެރަނގަޅު، އަހަރެން އައީ ރިމޯޓު ބޭނުންވެގެންނެއްނޫން، މީ ވަރަށް ރީތި ކާޓޫނެއްދޯ” އުޒައިރަށް ވީގޮތް ފެނި ސޮފޫރާ ބުނެލިއެވެ. ކުޑަކޮށް ހީނލަން އުޒައިރު މަސައްކަތްކުރިއެވެ. ނަމަވެސް އަލުން ރިމޯޓެއް ނުނެގިއެވެ. އޭނާ ޓީވީއަށް ގެއްލިފައި އިން ކަމަށް ހެދިގެން އިނީއެވެ. އެހެން އިންދާ ސޮފޫރާއަށް ފޯނެއް އައިސްގެން އޭނާ އެތެރެއަށް ދިޔައެވެ.

* * * *

އިޒްވާނުގެ “އެންގޭޖުމެންޓު” ހަފުލާ ބޭއްވުމަށްޓަކައި ހުރިހާ ކަމެއް ހަމަޖެހިގެން ދިޔައެވެ. މަލީކު އާއި ޝުއައިބު އިޒުވާނު ގޮވައިގެން ކުރީބައިގައި ރިސޯޓަށް ދިޔައެވެ. އެމީހުންނާއިއެކު މެހެނާޒު ދާން ބޭނުންވި ނަމަވެސް ޝުއައިބު، މެހެނާޒު ގާތުން އެދުނީ ޝާރުދާއާއެކު އައުމަށެވެ. ހޯމަ ދުވަހުގެ ރެއަށް ރޭވިފައި އޮތް ހަފްލާ ތައްޔާރުކުރުމަށްޓަކައި އެކަމަށް ޚާއްޞަ ގުރޫޕު ވެސް ފުރީ އިޒްވާނުމެން އެކޮޅަށް ދާން ހަމަޖެއްސި ދުވަހުއެވެ. އިޒްވާން ބޭނުންވީ އޭނާ ހުރެގެން ހުރިހާ ކަމެއް ކުރިއަށް ގެންދިއުމަށެވެ. ހުރިހާ ކަމެއް ވެސް އެންމެ ފުރިހަމައަށް ކުރުމަށް ބޭނުންވާތީއެވެ.

“އެކުއްޖާގަނޑު ވެސް ގެންދަންތަ ތިއުޅެނީ، ކީއްކުރަން އޭނާ ގެންދަނީ، މިކޮޅުގައި އޭނާގެ ކަންތައް ބަލަހައްޓަން ވަރުޝާ އާއި ޖައުހަރީ ވެސް ތިބޭނެއެއްނު، އަހަރުމެންނާ އެއްވެސް ގުޅުމެއްނެތް ކުއްޖެއް ޢާއިލާ ހަފްލާއެއްގައި ބައިވެރިކުރުމުގެ މާނައެއްނެތް” ޝާރުދާގެ ފޮށި ފާރޫޤާ ހަވާލުކޮށްފައި އަރުފީނުގެ ކޮޓަރިއާ ދިމާލަށް ދާންފެށުމުން މެހެނާޒު ބުނެލިއެވެ.

“އެކަމަކު އޭނާ އެކަނި މިގޭގައި ބަހައްޓާފައި ދާކަށްނުވާނެއެއްނު” ޝާރުދާ ބުނެލިއެވެ.

“ބޭބެއަށް އެނގޭތަ އޭނާ ގެންދާކަން” މެހެނާޒު ތަފާތު ގޮތަކަށް ޝާރުދާއަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. އެވަގުތު ޝާރުދާގެ މޫނުމަތިން ފެނިގެން ދިޔަ ކުލަވަރުން އޭނާ އަދި މަލީކުއާ އެވާހަކަ ނުދައްކާކަން މެހެނާޒަށް ޔަގީންވިއެވެ. އިތުރު އެއްޗެއް މެހެނާޒު ނުބުނީ ޝާރުދާ އެނބުރި އޭނާގެ ކޮޓަރިއާ ދިމާލަށް އައުމުންނެވެ.

“އަހަރެން މިދަނީ ފެންވަރާލަން” މެހެނާޒު ފަހަތުން އަންނަން ފެށުމުން ޝާރުދާ ބުނެލިއެވެ. އެއާއެކު މެހެނާޒުގެ މިސްރާބު ވެސް ބަދަލުވެއްޖެއެވެ.

ކޮޓަރިއަށް އައިސް ވަދެވުމާއެކު ޝާރުދާ އަވަހަށް ގުޅާލީ މަލީކަށެވެ. މިފަހަރު އޭނާ ހީކުރި ގޮތެއްނުވިއެވެ. ފުރަތަމަ ފަހަރަށް މަލީކު، ޝާރުދާގެ ނިންމުން ޤަބޫލެއްނުކުރިއެވެ. ރިސޯޓަށް ހަފްތާއަކަށް ދާއިރު އެމީހުންނާއިއެކު އަރުފީނު ގެންދަން ޝާރުދާ ބޭނުންވިޔަސް މަލީކު އެކަމަށް ތަރުޙީބެއް ނުދިނެވެ. އަރުފީނާމެދު ކިތަންމެ ހެޔޮކޮށް ކަންތައްކޮށްދިން ކަމުގައިވިޔަސް އެ ޢާއިލާއާ އެހާ ގާތްކުރާކަށް މަލީކު ބޭނުމެއްނުވެއެވެ. އިޒުވާނުގެ “އެންގޭޖުމެންޓު” ހަފްލާއަށް ތަންތަނުގެ ބޮޑެތި މީހުންނާއި މަލީކުގެ ރައްޓެހިންގެ އިތުރުން ތިމާގެ މީހުން ވެސް އަންނާނެއެވެ. އެ ހުރިހާ މީހުންނަށް އަރުފީނު ފެންނަން މަލީކު ބޭނުންނުވަނީއެވެ. ދުވަހަކު ވެސް މަލީކުގެ ނިންމުމަށް ޝާރުދާ ދެކޮޅު ހަދާފައެއްނުވާނެއެވެ. އެހެންވެ މިފަހަރު ވެސް އޭނާ މަލީކުގެ ނިންމުން ޤަބޫލުކުރީއެވެ. ފޯނު ކޯލު ނިންމާލާފައި އޭނާ ވަނީ ފާޚާނާއަށެވެ. މެހެނާޒު ގާތު ބުނިހެން ފެންވަރާލާށެވެ.

ގޯތިތެރޭގައި ހައްދާފައި އޮތް ކުދި މާގަސްތައްކައިރީ އިށީނދެލައިގެން އިން އަރުފީނުގެ ފަހަތުން އައިސް ރުހައިލު ހަޅައިލަވައިގަތެވެ. އެއާއެކު ސިއްސައިގެން ދިޔަ އަރުފީނު ލިޔަންއިން ގަލަމުން ފޮތުގައި ދިގު ރޮނގެއް އެޅިގެން ދިޔައެވެ.

“ރުހައިލު ގަނޑާ…” އަރުފީނު ހަޅޭލަވައިގަތެވެ. އަދި އެނބުރި ބަލާލިއިރު ހެމުންހެމުން އޭނާ ގޮސް ވިނަގަނޑުމަތީ ހުރި މޭޒުގެ ދޮށުގައި އިށީންނަނީއެވެ. އޭރު ޖައުހަރީ ރުހައިލުގެ ޚާއްޞަ މަގަށް ކޮންމެވެސް އެއްޗެއް އަޅައިގެން ގެނެސް މޭޒުމަތީ ބަހައްޓަނީއެވެ. އަރުފީނު ދެލޯ އަޅާލިތަންފެނި ރުހައިލު ވައްތަރުޖައްސާލަމުން އިނގިލިތަކުން ލޯހުންނަވަރަށްވުރެ ބޮޑަށް ހުޅުވާލިއެވެ. އަރުފީނުގެ ދެ ލޯ ބޮޑުކޮށް ހުންނާތީ އެކަމާ އޭނާ ބެހެލީއެވެ. ފޮތް ހިފައިގެން ތެދުވިގޮތަށް އަރުފީނު ހިނގައިގަތީ ގޭތެރެއަށް ވަނުމަށެވެ.

“ތިކުއްޖާގަނޑު ވަރަށް ފޫހިވާނެ ދޯ އަހަރެން ނެތީމަ” ޕޯޓިކޯއާ ދިމާލަށް ދިޔަ އަރުފީނަށް ރުހައިލު ބުނެލިއެވެ.

“އާން! ކިހާ ފޫހިވާނެ ދޯ” ރުހައިލާ ދިމާއަށް އެނބުރި ދެފަރާތުން އަތްވިއްދާލާފައި ޖެއްސުމުގެ ރާގެއްގައި އަރުފީނު ބުނެލިއެވެ.

“ސީރިއަސްލީ، ވަރަށް ބޭނުންދޯ އަހަރެންލައްވާ ޖެއްސުންކުރުވަން” ރުހައިލަށް އަރުފީނު އެހެންބުނީ ކޮންމެހެން އޭނާ ނެތުމުން ފޫހިވާނޭތީ ނޫންކަން އެނގިހުރެ އިތުރަށް އަރުފީނު ރުޅިއަރުވާލަން ބޭނުންވިއެވެ.

“ކޮންފަދަ ނަސީބަކާ ރަހުމަތެއް އަހަންނަށް މިލައްވަނީ، ހަފްތާއެއްވަންދެން ތިވަބާއިން އަހަރެން މިންޖުވުމަކީ ހެއްދެވި ފަރާތަށް ޝުކުރުވެރިވާންޖެހޭވަރު ކަމެއް” ދަތްކުޑިވިކާލަމުން އަރުފީނު ބުނެލިއެވެ.

“އޭތް! ކަލޭގެ ފެންވަރު އޮޅުނީތަ؟ ކަލޭ ބޭނުންހާ އެއްޗެއް އޭނައާ ދިމާލަކަށް ނުކިޔޭނެ، ގޮތެއްފޮތެއް ވެސް މި ކުއްޖާގަނޑުގެ ނެތޭ” ކުއްލިއަކަށް އަރުފީނުގެ ފަހަތުން އިވިގެން ދިޔައީ މެހެނާޒުގެ އަޑެވެ. ވަގުތުން އަރުފީނަށް ހުއްޓުންއެރިއެވެ. ފިޔަވަޅެއް އަޅާލަން ނުކެރުނު ތަނުގައި އަވަސްއަވަހަށް އިސްޖަހާލެވުނެވެ. ދުރުގައި ރުހައިލު އިނީ ހިނިގަނޑު ހިފަހައްޓައިގެން ކަންތައްވާގޮތް ބަލާށެވެ. މެހެނާޒު ހިތަށް އައިހާ އެއްޗެއް އަރުފީނާ ދިމާލަށް ގޮވާލިއެވެ.

“މާލެއަށް އާދެވުނީމާ މިރާއްޖެތެރޭ އެއްޗެހިންނަށް އެމީހުންގެ ފެންވަރު ތިބޭނީ އޮޅިފައި، ބަލަ ކަލެއެކޭ މިގޭ ގެންގުޅޭ މީހުންނެކޭ ތަފާތެއްނެތޭ، އެހެންނުވާނީ… ފެންވަރު ވެސް އޮޅޭނެ އެއްނު… ދައްތަގެ ކަންތަކޭމީ، ބޮލަށްލައިގެން އުޅެންޏާ ވާނީ މިހެން… ދެން ތިތާ ހުންނަންވީކީ ނޫން، ދޭ މިތަނުން، ކަލެއަށް މިގޭގައި ހުންނަން ދީފައި ހުރި ހަތަރުފާރުގެތެރޭގައި ގޮސް އޮވޭ، އެތަނުން ނުނިކުންނާތި، އަދި ބުނަން… އަދަބުކުޑަކޮށްލާފައި ކަލެއަށް ވާހަކަދެއްކޭވަރުގެ މީހަކު މިގޭގައި ނުހުންނާނެ، ދެން މަށަށް އެކަހަލަ އަޑެއް އިވިއްޖެއްޔާ ބޭބެ ގާތު ބުނާނަން، އޭރުން ހުންނާނީ ރަނގަޅަށް މާލޭގައި ހުރެގެން ކިޔެވިފައި”

މެހެނާޒުގެ ބަސްތަކުން އަރުފީނުގެ ހިތުގައިޖެހުނެވެ. ބުނެދޭން ނޭނގޭ ނިކަމެތިކަމެއް އިހުސާސްވެގެން ދިޔައެވެ. އެގެއަށް އައިފަހުން މީހަކު އޭނާއާ ދިމާލަށް އެއްޗެހިކީ މީ ފުރަތަމަ ފަހަރެވެ. އިސްއުފުލާލުމެއްނެތި އެތެރެއަށް ދުއްވައިގަތް އަރުފީނުގެ ލޮލުން ކަރުނަފޮހޭތަން ފެނުމުން ރުހައިލަށް މަޑުމަޑުން ގޮޑިން ތެދުވެވުނެވެ. އަދި މެހެނާޒު އެހާވަރަށް އަރުފީނާ ދިމާލަށް އެއްޗެހި ކިޔަންޖެހޭ ވަރުގެ ކަމެއް އޭނާ ކުރިމަކަށް ރުހައިލު ޤަބޫލެއްނުކުރިއެވެ.

“އާންޓީ، އޭނާ އެހެންވާހަކަދެއްކީ މަޖަލަކަށޭ، އިޓް ވޯސް ނޮޓް ހާ ފޯލްޓް” ބޮޑުކޮޓަރިތެރެއަށް ވަންނަން އައި ރުހައިލު މެހެނާޒުގެ ގާތުގައި މަޑުކޮށްލަމުން މިހެންބުނެފައި މަޑުކުރުމެއްނެތި އެތެރެއަށް ވަދެގެން އައެވެ. އަދި އަރުފީނު ކޮބާތޯ ހޯދާލިއެވެ. ފެންނަ ހިސާބުގައި އެއަންހެންކުއްޖާއެއް ނެތެވެ. އެހެންނަމަވެސް ފަހަތުން ހޯދަން ދާކަށް ރުހައިލު ބޭނުމެއްނުވިއެވެ.

“ރުހައިލު… ރުހައިލު…” ބޮޑުކޮޓަރިއަށް ފޭބެން ހުރި ފުޅާހަރުފަތްލީ ސިޑިން ފައިބައިގެން އައި ޝާރުދާ ގޮވާލިއެވެ. އެއާއެކު ބަދިގެފަރާތަށް ދިޔަ ރުހައިލު އެނބުރި މަންމަގެ ގާތަށް އައެވެ.

“ކިހިނެއްވީ މަންމާ” ރުހައިލު އަވަހަށް އަހާލިއެވެ.

“ފޮށިތައްޔާރުކުރީތަ؟ ފާރޫޤާ ފޮށިތައް ހަވާލުކޮށްފިންތަ، ކޮބާ ފަޒަލް، އެކުއްޖާ އަދި ނުދެކެން” އަވަސްއަރުވާލާފައި ހުރި ގޮތަކަށް ޝާރުދާ އަހާލިއެވެ.

ރުހައިލު، ފަޒަލްވީތަނެއް ބުނުމާއިއެކު ޝާރުދާ އެދުނީ ފުރަންވީކަމުގައެވެ. މަލީކު ގުޅާފައި ލޯންޗު ފޮނުވާފައި އޮތް ވާހަކަ ބުނެފިކަމުގައެވެ. އޭރު ބޮޑުކޮޓަރިއަށް ވަން މެހެނާޒު ފެނުމުން އޭނާއަށް ވެސް އެ ޚަބަރު ޝާރުދާ ދިނެވެ.

އެންމެން ދޮރުމަތީ އޮތް ކާރަށް އެރުމަށްޓަކައި ގޭޓާ ދިމާއަށް ދިޔައެވެ. އެވަގުތު އަރުފީނު ކޮބާތޯ ފަޒަލް އަހާލީ ރުހައިލުގެ ގާތުންނެވެ. އެ ދެކުދިން ވެސް ހީކޮށްގެން ތިބީ އެމީހުންނާއިއެކު އަރުފީނު ވެސް ދާކަމުގައެވެ. ރުހައިލު އޭނާގެ މަންމަގެ ގާތަށް ޖެހިލާފައި އެވާހަކަ އެހިއެވެ. އަރުފީނު ނުދާކަން އެނގުނީ ދެނެވެ. މަލީކު ބޭނުންވި ގޮތްކަމުގައި ޝާރުދާ ނުބުނެއެވެ. އޭނާ ރުހައިލަށް ވިސްނައިދިނީ ޢާއިލާ ކަންތައްތަކުގައި އަރުފީނު ގެންދިއުމަކީ ރަނގަޅުކަމެއް ނޫންކަމުގައެވެ. ރުހައިލަކީ އޭނާގެ މަންމަ ބުނާ ކޮންމެ ކަމެއް ޤަބޫލުކުރާ ކުއްޖެކެވެ. އެހެންވެ ޝާރުދާ އެގޮތަށް ނިންމީ އެއީ އެންމެ ރަނގަޅުގޮތްކަމުގައި ވާތީކަމުގައި ރުހައިލު ދުށްޓެވެ.

“ޝެރީލްގެ ސިސްޓަރއެއް ގޮވައިގެން އަންނަ ނަމަދޯ، އޭރުން އެކޮޅުގައި ފޫހިފިލާނެއެއްނު” ސިއްރުސިއްރުން ފަޒަލްގެ ކަންފަތްދޮށުގައި ރުހައިލު ބުނެލިއެވެ.

* * * *

“ބޮޑުމަންމާ…” އަރުފީނުގެ ކުރެހިފައިވާ އަޑު އާތިޤާގެ ކަންފަތުގައި ޖެހިފައި އޭނާގެ މެޔަށްފިނިގެންދިޔައެވެ.

“ކިހިނެއްވީ؟ ދަރިފުޅު ރޮނީތަ؟ އަވަހަށްބުނޭ” ހާސްވެފައި އާތިޤާއަށް ވާހަކަދެއްކުނެވެ.

“ކަމެއްނުވޭ… ވަރަށް ހަނދާންވޭ ބޮޑުމަންމައާއި ބައްޕަމަތިން، އަޅެ ބައްޕަ ގާތު ބުނެބަލަ އަޅުގަނޑަށް ފެނިލަން މާލެ އައިސްބަލާށޭ، ޕްލީޒް ބޮޑުމަންމާ” ހަޤީޤަތް ފޮރުވަމުން ޝަކުވާގެ ރާގެއްގައި އަރުފީނު ބުންޏެވެ.

“ދަރިފުޅު މާބޮޑަށް ރަށްމަތިން ހަނދާންވަނީ ދޯ، ބައްޕަ އެބައިން ސޯފާގައި، ދެންތަ ފޯނު…” ހިތަށް ހަމަޖެހުމެއްލިބިގެން ދިޔަ އާތިޤާ އަހާލިއެވެ.

“ބޮޑުމަންމައާ ވާހަކަދައްކާލާފައި ބައްޕައާ ވާހަކަދައްކާނީ” އަރުފީނު ބުންޏެވެ.

އަރުފީނުގެ ހިތްހަމަޖައްސައިދޭން އާތިޤާ އެނާއާ އެތައްއިރަކު ވާހަކަދެއްކިއެވެ. އަދި ދަރިފުޅުގެ ކިޔެވުމާއި އެހެނިހެން ކަންތައްތަކާއި މެދު ސުވާލުކުރިއެވެ. އަރުފީނުގެ ފަރާތުން އޭނާއަށް ޝާރުދާ ވަރަށް ހެޔޮކަން އެނގުމުން އާތިޤާ އުފާކުރިއެވެ. އަދި އަރުފީނަށް ރަނގަޅަށް އުޅުމަށް ނަޞޭޙަތްތެރިވިއެވެ. އާތިޤާ ފޯނުގައި އިންދާ ކާގެއަށް އައިސް ލުތުފީ ވަނެވެ. އޭނާ ފެންތަށްޓެއް އަޅައިގެން ބޯލަން ހުރިއިރު އާތިޤާ ދެއްކި ވާހަކަތައް އަޑުއިވެމުންދިޔައެވެ. އެއްޗެއް ނުބުނެ ފެންތަށި ބޯލައިގެން އޭނާ އެތަނުން ނިކުތެވެ. ގިނައިރެއްނުވެ އާތިޤާ އައިސް ސޯފާގައި އިން ޙައިދަރަށް ފޯނު ދިއްކޮށްލިއެވެ.

“އަރުފީނު” ހެވިލާފައި ހުރެ އާތިޤާ ބުންޏެވެ. ޙައިދަރު އަވަސްއަވަހަށް ފޯނު ހިފައިގެން ފެންޑާއަށް ނިކުތެވެ.

“އެއީތަ އާތިޤާގެ ދެވަނަ ދަރިއަކީ” ސޯފާގައި އިން ލުތުފީ އަހާލިއެވެ.

“އާން! ދޮންބޭބެގެ ދަރިއެއްކަމަކު، އަހަރެން އެކުއްޖާ ބަލާ ބޮޑުކުރީ މަގޭ ދަރިއެއް ފަދައިން، ސޮފޫރާ އާއި އަރުފީނުގެ ދެމެދު ހުރީ އެންމެ އަހަރެއްގެ ތަފާތު، އެކަމަކު އެ ދެކުދިންގެ ޚިޔާލު ވަރަށް ތަފާތުވާނެ” ހިނިތުންވެލައިގެން ހުރި އާތިޤާ ބުނެލިއެވެ.

“އަހަރެންގެ ވެސް އުޒައިރު ނޫން ދަރިއަކު ހުންނާނެ، އުނައިސް އަކީ އަހަރެންގެ ދޮށީ ދަރިފުޅު، މިހާރު އެއީ ފުރާފުރިހަމަވެފައި ހުރި ޒުވާނެއް، އަހަރެންގެ މަސައްކަތްތައް މިހާރު ގިނައިން ބަލަހައްޓަނީ އޭނާ، އަދި މީހަކާ ނީނދޭ، ހީވަނީ އެކަމަކު ވަރަށް އަވަހަށް އިނދެދާނެހެން” ލުތުފީ ބުނެލިއެވެ.

“އެހެންތަ، އޭނާ ކީއްވެތަ މިދަތުރު ނައީ، އެވެސް އުޒައިރުގެ މަންމަގެ ދަރިއެއްތަ” އާތިޤާ އަހާލިއެވެ.

“އާން! އަހަންނަކީ ފެންނަހާ އަންހެނަކާ އިންނަމުންދާ މީހެއްނޫނޭ، އުމުރުގަވެސް ކައިވެނިކުރީ އެންމެ މީހަކާ، އެއީ އުނައިސް އާއި އުޒައިރުގެ ވެސް މަންމަ، ނާޝިދާ، އޭނާއަކީ ދެކުނުގެ ރަށަކަށް ނިސްބަތްވާ އަންހެނެއް، އެކަމަކު އުޅެ ބޮޑުވީ މާލޭގައި، އަހަރުމެން ދެމީހުން ދިމާވީ ވެސް މާލޭން” ސަމާސާ ރާގެއްގައި ހިނިތުންވެލައިގެން އިނދެ ލުތުފީ ކިޔައިދިނެވެ.

“މަންމަދެން ނާންނާނެ” ކުއްލިއަކަށް އުޒައިރު ބުނިއެއްޗެއް އަޑުއިވުމުން ލުތުފީ ސިހުނެވެ. އޭނާގެ ގާތުގައި އުޒައިރު އިންކަން ހަނދާންނެތުނީ ކިހިނެއްކަމެއް ނޭނގެއެވެ. ނަޝީދާގެ ވާހަކަދައްކާއަޑު އަހާކަށް އުޒައިރު ބޭނުމެއްނުވެއެވެ. ގޮނޑިން ތެދުވެގެން ގޮސް ކޮޓަރިއަށް ވަން އުޒައިރާ ދިމާއަށް ލުތުފީ ބަލާލީ މާޔޫސްވެގެންނެވެ.

“އުޒައިރަށް އެނގޭތަ އޭނާގެ މަންމަ މަރުވިގޮތް” ކަންބޮޑުވެފައި ހުރި ގޮތަކަށް އުޒައިރު ދިޔަދިމާލަށް ބަލާލަމުން އާތިޤާ އަހާލިއެވެ.

“އާން! އޭނާ ހަނދާންހުންނާނެއެއްނު، އޭރު އުޒައިރުގެ އުމުރުން ހަތްއަހަރު ފުރިފައި ހުރީ، ދަރިންނާ ނާޝީދާ ވަރަށް ގާތްވާނެ، އަހަންނަށްވުރެ އެކުދިން އޭނާދެކެ ލޯބިވާނެ، އަހަރުމެންނާ ނާޝީދާ ވަކިވުމުން މުޅި ޢާއިލާ ރޫޅިގެން ދިޔަ ކަހަލަ، އަހަންނަށް އެކުދިން ބަލަންވީގޮތެއް ނޭނގުނު، އެކުދިންގެ އިހުސާސްތައް ދެންގަންނަން ބޭނުންވިޔަސް އެކަން ކުރާނެގޮތެއް ނޭނގުނު، އުނައިސް ބޮޑުވެފައި ހުރިއިރު އޭނާ ވެސް އަދިކިރިޔާ ހަމައަކަށް އެ އެޅުނީ، އެކަމަކު އުޒައިރު ފެންނަނީ އަދިވެސް އޭނާގެ މަންމަމަތިން ހަނދާންކުރާތަން، އާތިޤާ… ބައްޕައަކަށް މަންމައެއްގެ މަޤާމު ނުފުރޭނެތަ؟ އަހަންނަށް ނާޝިދާ އެކުދިންދެކެ ވީލޯބި ނުވެވޭނެތަ؟ އެހެންވެތަ އެކުދިން އަހަންނާ ދުރަށް އެ ދަނީ” ލުތުފީގެ އަޑުގައި ހުރި އާދަޔާ ޚިލާފު އެކަނިވެރިކަން އާތިޤާއަށް އިހުސާސްކުރެވުނެވެ.

“އުޒައިރުގެ އުމުރުގެ ގޮތުން އެހެންއެވަނީ، އަދި އިރާދަކުރެއްވިއްޔާ އެކުއްޖާއަށް ވިސްނޭނެ، މިހާރު ވެސް އުޒައިރަށް އެނގޭ ލުތުފީ އޭނާދެކެ ލޯބިވާވަރު، އެކަން ނޭނގޭތީ އުޅޭގޮތެއްނޫން އެއީ، ހުރިހާ ވަގުތެއްގައި ދަރިފުޅު ފަހަތުން ދުވާނީ މަންމައިން، ހަޅޭލަވާނީ ވެސް މަންމައިން، ލޯބިން ފިރުމާނީ ވެސް މަންމައިން، އެއީ ކަންނޭނގެ އުޒައިރަށް ވާގޮތަކީ، މަންމައަކީ އަންހެނަކަށްވާއިރު އެ ސިފައިގައި އޭނާއަށް ނާޝިދާ ފެންނަން ނެތީމަ ކަންނޭނގެ އެހާ ބޮޑު ބަދަލެއް އައިސްގެން އެއުޅެނީ، ލުތުފީ އެކުއްޖާއަށް އަދިވެސް ވަގުތުދޭންވީ، ވިސްނައިދޭންވީ ލުތުފީ އެ ދަރިފުޅުދެކެ ވަރަށް ލޯބިވާކަން… ދެން ވެސް ދޭބަލަ އެސޮރު ގާތަށް” އާތިޤާ، ޙައިދަރު ހޯދަން ދާން ހިނގައިގަތެވެ. ބޯޖަހާލަމުން ލުތުފީ ތެދުވެ ހިނގައިގަތީ އޭނާ ހުންނަ ކޮޓަރިއާ ދިމާއަށެވެ. އުޒައިރުއާ ވާހަކަދައްކާށެވެ.

ހަވީރުގެ ވަގުތުގައި އަށީގައި އޮށޯވެލައިގެން ޙައިދަރު ފަނުން ހަދައިދިން ބޯޅައެއް މައްޗަށް އެއްލާފައި އޭތި ހިފަން އުޒައިރު އޮތެވެ. އޭރު ކުނިކަހާފައި ނެގި ހުރިހާ ފަތްތަކެއް ގަސްތައް ބުޑަށް ގެންގޮސް އަޅާލާފައި އާތިޤާ ހިންދެމިލިއެވެ. އަދި އުޒައިރަށް ބަލާލަމުން ގޮވާލިއެވެ.

“އުޒައިރު، އާދެބަލަ ދައްތައަށް މިގޯނީގައި ހިފަހައްޓާލަދޭން” އާތިޤާ ގޮވާލާފައި ބުންޏެވެ. މަޑުމަޑުން ތެދުވެގެން އުޒައިރު އައިސް ގޯނީގައި ހިފާލިއެވެ.

“މާލޭގައި މީހުން ކުނިކަހާތަނެއް މިހާރު ނުފެނޭ ދޯ” އާތިޤާ އުޅުނީ އުޒައިރުއާ ވާހަކަދެއްކޭތޯއެވެ.

“ހޫމް” މަޑުމަޑުން ހޫންއަޅުވާލި އުޒައިރު ހުރީ އިސްޖަހައިގެންނެވެ. ގޯނީގެ އެއްކޮޅުގައި އާތިޤާ ހިފަމުން އަނެއްކޮޅުގައި އުޒައިރު ހިފައިގެން ހުރެ އެ ގޯނި ގެންގޮސް ގޭގެ ބިއްދޮށް ފަރާތަށް ލިއެވެ. އަދި އެތަނުގައި ހުރި ފޭރު ގަހަކުން ފޭރެއް ބިންނަން އުޅުނެވެ. އެކަންވީ އުޒައިރު ޝައުގުވެރިވި ކަމަކަށެވެ. ދިގު ދަނޑިއެއް އުޒައިރުގެ އަތަށް ދީގެން ކުޑަގޮނޑިއެއްގައި ދުރުގައި އިށީނދެގެން އާތިޤާ އިނެވެ.

“މާގިނައެއްކޮށް ނޫން އިނގޭ، ދައްތަ ދެއްކި ތިންފޭރު ބިންނާނީ” އާތިޤާ ބުނެލިއެވެ.

“ދައްތާ! އެ ދިމާލުގައި ވަރަށް ބޮޑުފޭރެއް އެބައިން، އޭތި ބިނަންތަ؟” އުޒައިރު ވާހަކަދެއްކި އަޑުއިވުމުން އާތިޤާއަށް ހައިރާންކަމާއި އެއްވަރަށް އުފާވެރިކަން ވެސް ލިބިގެން ދިޔައެވެ. އެހެންވެ އަވަސް އަވަހަށް ބިންނާށޭ ބުނެވުނެވެ.

“ހިނގާ ދޮންނަން ދަމާ، ޙައިދަރުބެއާއި ބައްޕަ އަންނަންވާއިރަށް ފޭރު ކޮށާފައި ބަހައްޓާނީ، މިތަނުން އުޒައިރު ބޭނުމީ ކޮންފޭރެއް” އާތިޤާ ފޭރުތައް ހިފައިގެން ގޭތެރެއަށް ވަންނަމުން ބުނެލިއެވެ. އެއާއެކު އާތިޤާގެ އަތުގައި އޮތް ހަތަރު ފޭރުން ފޭރެއް އުޒައިރު ނެގިއެވެ.

“ކޮބާ ސޮފޫދައްތައަށް؟” ސުޕާރީ ޕެކެއްޓެއް ކަމުން ކޮޓަރިން ނިކުން ސޮފޫރާއަށް އާތިޤާގެ އަތުން އުޒައިރު ފޭރު ނެގިތަން ފެނިގެން ބުނެލިއެވެ.

ސޮފޫރާގެ އަޑުއިވުމާއިއެކު އެ ދިމާލަށް ބަލާލި އުޒައިރު އޭނާގެ އަތުގައި އޮތް ފޭރު ދިއްކޮށްލިއެވެ. ހެމުންހެމުން އައި ސޮފޫރާ އުޒައިރުގެ ކޮނޑަށް އަތްވަށްޓާލިއެވެ. އެވަގުތު އާތިޤާ ތަންކޮޅެއް ބާރަށް އުޒައިރުގެ އަތުގައި އޮތް ފޭރު އަތުނުލުމަށް ސޮފޫރާއަށް ބުނެލިއެވެ.

“އަހަރެން ނޫޅެމޭ އުޒޭއަތުގައި އޮތް ފޭރު އަތުލާކަށް” ސޮފޫރާ ވެސް އަޑަށް ބާރުލާފައި ބުނެލިއެވެ. އާތިޤާ، ސޮފޫރާގެ އަތްދަށުން އުޒައިރުގެ އަތުގައި ހިފާ ގެނެސް ކައިރިއަށް ލިއެވެ. އަދި އުޒައިރު ގޮވައިގެން ބަދިގެތެރެއަށް އައިސް ވަނެވެ.

“މަންމާ، ޝިޔާނާ އުޅެނީ ވަރަށް ބަލިވެ، އެގެއަށް މިރޭ ގޮސްލަންކަމަށް މިއުޅެނީ” ސޮފޫރާ އައިސް ކާމޭޒުކައިރީ ހުރި ގޮނޑިއެއްގައި ދެއަތްއަޅުވާލައިގެން ކުޑަކޮށް ގުދުވެއޮވެ ބުނެލިއެވެ. އޭރު ސިންކުދޮށުގައި ފޭރުތައް ދޮންނަން އާތިޤާ ހުއްޓެވެ. އޭނާގެ ދާދި ގާތުގައި ޕްލާސްޓިކު ބޯތަށްޓެއް ހިފައިގެން އުޒައިރު ހުއްޓެވެ.

“ހަވީރު ހިޔާ އަރާނެ އިރުކޮޅަކުން، ޝިޔާނާއަށް ގޮވާލަން ދާއިރު އުޒައިރު ވެސް ގޮވައިގެން ދާންވީނު، އެކުއްޖާ އެހުންނަނީ ވަރަށް ފޫހިވެފައި” އާތިޤާ ބުނެލިއެވެ.

“އެކަމަކު މަންމާ… ޝިޔާނާއަށް ވެގެން އުޅޭ ގޮތެއް ވެސް ނޭނގެ، އެހެން ފަހަރަކުން އުޒޭ ގޮވައިގެން ދާނަން، އެހެންނޫނަސް އެގެއަށް ދާން އުޅުނީ މިރޭ” ހަޤީޤަތުގައި ސޮފޫރާއަށް ބޭނުން އިރަކު ޝިޔާނާގެ ހާލު ބަލަން އެގެއަށް ދެވިދާނެއެވެ. އެކަމަކު ނުވާނެކަމަކީ އަދީބުއާ ބައްދަލުކުރުމެވެ. އެންމެ ރެއަކު ނުދެވުނީމާ ވެސް އަދީބު އެތައްހާސް ޝަކުވާއެއް ކުރިއެވެ. އަދީބު ނުރުހުންވާކަށް ސޮފޫރާ ނޭދެއެވެ. އޭނާއާ އަދީބު ރުޅިވެދާނޭތީ ވެސް އެހާ ކަންބޮޑުވެއެވެ. އަނެއްކޮޅުން އަދީބު އޭނާއާ ދޭތެރޭ ފަރުވާ ކުޑަކުރާހެން ވެސް އޮތީ ހީވެފައެވެ.

“އެކީއްކުރަން މިރޭ ދަނީ، ރޭގަނޑުތަ ބަލީމީހުންގެ ހާލު ބަލަން ދާންޖެހެނީ” ސޮފޫރާއާ ދިމާއަށް ނުބެލިކަމުގައި ވިޔަސް އާތިޤާގެ އަޑުގައި ރުންކުރުކަމެއް އެކުލެވިފައި ހުއްޓެވެ.

“ދެން މަންމަ ވެސް ދޯ… އަހަރެން މިއުޅެނީ ނުދަންނަ މީހަކަށް ގޮވާލަން ދާންތަ؟ ދެން އެންމެ ރަނގަޅޭ… އަހަރެން އުޒައިރު ގޮވައިގެން ބޯޅަދަނޑާ ދިމާގައި އޮންނަ ޕާކަށް ދާނަން، އެކަމަކު މިރޭ ޝިޔާނާ ގާތަށް ވެސް ދާނަން، އޭނާ ރަނގަޅިއްޔާ އެގެއަށް ވެސް އުޒައިރު ގޮވައިގެން އެހެން ފަހަރަކުން ދާނަން” އާތިޤާގެ ރުހުން ލިބިގެން ނޫނީ އެއްވެސް ކަމެއް ނުވާނޭކަން އެނގޭތީ ސޮފޫރާ ބުނެލިއެވެ. އޭރު އާތިޤާގެ ގާތުގައި މަޑުކޮށްލައިގެން ހުރި އުޒައިރުގެ ނަޒަރު ހުއްޓިފައި ހުރީ ސޮފޫރާއަށެވެ.

“ޔަގީންތަ އުޒައިރު ގޮވައިގެން ދާނަންކަން” އާތިޤާގެ ވިސްނުމުގައި ހުރީ އުޒައިރުގެ ހިތްހަމަޖައްސައި ދިނުމެވެ. އެހެންވެ އޭނާގެ ދަރިފުޅު ރާވަމުން ދިޔަ ރޭވުމާއި މެދު ކުޑަކޮށް ވެސް ރޭކާނުލީއެވެ.

* * * *

ރަށުގެ ދެކުނު ފަރާތުން އަލަށް ގޯތިދޭން ފަށާފައި އޮތް ސަރަޙައްދުގައި ޙައިދަރާއިއެކު ލުތުފީ ހުއްޓެވެ. އެމީހުންގެ ކައިރިއަށް އައިސް ހުއްޓިލި އީސަ އިޝާރާތްކޮށްލީ ވަށައިގެން ގާފޮޅެއް ރާނާލާފައި ހުރި ބިމަކަށެވެ. އެތަނުގައި ވަނީ ތަފާތުވައްތަރުގެ ވިނަ ފަޅާ މުޅި ބިންގަނޑު ފޮރުވިފައެވެ. އީސަ ދެއްކި ގެވަޅާ ދިމާއަށް ބަލަހައްޓައިގެން ލުތުފީ ހުއްޓެވެ.

“އަހަރެންގެ ސާދުނާއަށް ނަގައިދިން ގެވަޅެއް މީ، އެމަންޖެ ބޭނުމެއްނުވޭ ފާއިޒާއާ ދުރުގައި ހުންނާކަށް، އަނެއްކާ އެމަންޖެގެ ފިރި، އަޙުމަދު ވެސް އުޅެނީ ރިސޯޓުގައި” ގެވަޅު ހަދަން ނުފަށާ އޮތް ސަބަބު އީސަ، އޭނާގެ އެކުވެރިޔާ ލުތުފީއަށް ބުނެދޭން މަސައްކަތްކުރިއެވެ.

“މައްސަލައަކީ މިހިސާބު އަދި އާބާދު ނުވާތީ، މިހިސާބުގައި ކިރާޔާވެސް ހަދަން ފަށާފައި މިހިރީ ފަސްވަރަކަށް ގެ، ވިޔަފާރިގެއެއް މިތަނުގައި ހުޅުވި ނަމަވެސް މިހިސާބަށް ވިޔަފާރިކުރަން އަންނާނީ ކޮންބައެއް، މިތަން އަދި މިއޮތީ ރަށުގައި މީހުން އުޅޭ ސަރަޙައްދަށްވުރެ އެކަހެރިކޮށް” ލުތުފީ ވިސްނާލާފައި ބުނެލިއެވެ.

“ތީވެސް ތެދެއް، ފެންނަ ގޮތުގައި އަހަރެއްވަރު ނަގާނެ އަދި މިހިސާބުގައި މީހުން އުޅެން ފަށަން، މި ބިން ހުސްކޮށް ވެސް ބޭއްވޭކަށްނެތް، މިހާރު ހުސްބިންތަށް ނަގައިގެން ބޭނުންނުކޮށް ބަހައްޓާތޯ އަތޮޅުގެއިން ވަރަށް ބަލާ، އަހަރެން ހިތަށް އަރާފައި ހުރީ ރަށު ހޮސްޕިޓަލާ މިހިސާބާ އެހާ ދުރު ނޫންވީމަ ޑޮކްޓަރުންނާއި ނަރުހުންނަށް ތިބެވޭނޭ  ގޮތަށް މިތަންކޮޅު ހަދާލަން، ރަނގަޅު ފެންވަރެއްގައި ހަދާލުމުން އެމީހުން ކުއްޔަށް ހިފާނެ، ހޮސްޕިޓަލުގައި އުޅޭ ބިދޭސީ ޑޮކްޓަރުންނާއި ނަރުހުން ވަރަށް ބޭނުންވޭ އެމީހުންނަށް އެކަނި އުޅެވޭނޭ ގޮތަށް ހުންނަ ތަންތަން ހިފަން” އީސަގެ ޚިޔާލު ހުރިގޮތް އޭނާ ހާމަކުރިއެވެ. ބޭނުންވަނީ ފައިސާ ލިބޭނޭ މަގެއް ވީހާ ވެސް އަވަހަށް ފަހިކުރާށެވެ.

“ތި ޚިޔާލު ގޯހެއްނޫން، އެކަމަކު ބޮޑު ފިހާރައެއް އަޅަންޏާ މުޅި އިމާރާތް އަލުން ބަދަލުކުރަން ޖެހޭނެ ދޯ” ސިކުނޑިއަށް އިތުރަށް ބާރުލަމުން ލުތުފީ ވިސްނާލިއެވެ. އެންމެ ފައިދާ ބޮޑުވާނޭ ގޮތަކާއިމެދު އޭނާ ވެސް ވިސްނައެވެ. އެއްފައި މައްޗަށް ބުރަވެ ހުރެ މަޑުމަޑުން މަތިމަހާއި ތުނބުޅީގައި ތުންފަތްވަށައިގެން ދެއިނގިލި ހާކާލި ގޮތުން ވެސް އޭނާ ފުންކޮށް ވިސްނާކަމުގެ އިޝާރާތަކަށް ފުދެއެވެ.

“ލުތުފީއަށް އެނގޭނީ މިތަނަށް ހަދާނެގޮތެއް، އޭރު އެއްބަސްވެވުނު ގޮތަށް އަހަރެން މިހިރީ މިބިން ލުތުފީއަށް ދޭގޮތަށް” އީސަ ބުނެލިއެވެ.

“އަހަންނަށް ފެންނަ އެއްޗެއް ބުނަންތަ؟…. މިރަށުގައި ފަސްބުރިއަށް ނަގާފައި ހުރި ގެއެއް ވެސް އެބަހުރި، ބުރިބުރިއަށް ގެ ނެގުމުގެ ހުއްދަވަނީ ދީފައި، އެހެންވީމަ ލުތުފީ ބޭނުންވާ ވަރުގެ ބައެއް ހުސްކޮށް ބާއްވާފައި ރެސިޑެންޝަލް ކުއަރޓާސްތަކެއް ހަދަންވީނު، އޭރުން ދެގޮތުން ވެސް ފައިދާވާނެއެއްނު، މިހިސާބުގައި މީހުން އާބާދުވާން ފެށީމައި އިމާރާތުގައި ހުސްކޮށް އޮންނަ ބައިގައި ލުތުފީއަށް ފިހާރަ ވެސް ހުޅުވޭނެއެއްނު” އެއްޗެއް ނުބުނެ ހުރެފައި ޙައިދަރު އޭނާގެ ޚިޔާލު ފާޅުކުރިއެވެ. އެ ޚިޔާލު އީސަ އަށާއި ލުތުފީއަށް ވަރަށް ކަމުދިޔައެވެ. ތިންމީހުން އިތުރަށް މަޝްވަރާ ކުރަމުން އައިސް “ޑޮންޑޮން ކެފޭ”އަށް ވަނެވެ. ހަވީރުގެ ވަގުތު ކަމުން ސައިތަށްޓެއް ބޯލުމަށެވެ.

ކެފޭގެ މޭޒު ދޮށުގައި ތިންމީހުން ތިބެ ވާހަކައްކަމުންދިޔައިރު އެކިދިމަދިމާލަށް ވާހަކައިގެ ކުރިފަޅައިގެން ދިޔައެވެ. އަމިއްލަ ދިރިއުޅުމާ މެދު ތިން މީހުންގެ މެދުގައި ވާހަކަދެއްކެން ފެށުމާއިއެކު އީސަ ކުރި ސުވާލުން ލުތުފީ އާއި ޙައިދަރުގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެންދިޔައެވެ. ފުންއަސަރުތަކެއް ފާޅުވުމާއިއެކު ދެމީހުން ހިމޭންވިއެވެ.

“އެކަނި ހުރުމަށްވުރެ ރަނގަޅެއްނު އެގޮތް، އުމުރުން ތިބުނާހާ ގުނަ ދުވަސްތަކެއްވީކީ ނޫން ހުސްހަށިބަޔަށް ހުންނާކަށް، ކުދިން ވެސް ތިބީ ބޮޑެތިވެފައި، ދޮންއަމައެއް ގެނައުމަކުން އެކުދިންނަށް އަޅާނުލާފާނޭތީ މިހާރު އުޅޭކަށް ނުޖެހޭނެއެއްނު” އީސަ އޭނާގެ ވާހަކަ ކުރިއަށް ގެންދެވޭތޯ އުޅުނެވެ.

“އީސަބޭ، އިތުރު ކައިވެންޏެއް ކުރުމަކީ ގޯސްކަމެއްނޫން، އެކަމަކު އެއީ އެހާ ފަސޭހަކަމެއް ވެސް ނޫން” ސައިޖޯޑުގެ އަތްގަނޑާއި އިނގިލިން ކުޅެލަކުޅެލާ އިން ލުތުފީ ބުންޏެވެ.

“އެއީ ތެދެއް، ރަނގަޅު އަންހެނެއް ހޯދުމަކީ ފަސޭހަކަމެއްނޫން” ޙައިދަރު އަވަހަށް ލުތުފީއާ އެއްބަސްވެލިއެވެ.

ޙައިދަރާއި ލުތުފީގެ ވާހަކައިން އެމީހުން އަދި މީހަކާ އިންނަން ބޭނުންނުވާކަން އީސައަށް ސާފުވިއެވެ. އެ މައުޟޫޢުއާގެން އިތުރަށް ދިގު ދެންމުމުގެ ބަދަލުގައި އޭނާ އަނެއްކާ ވެސް އެހެން ދިމާލަކަށް ވާހަކަ އަނބުރާލިއެވެ.

“އޭތް! އެކޮޅުއަވަށު ކަތީބާއެކު އޭނދީ އެއްކަލަ ޙައިދަރު” ކެފޭގެ ކަނެއްގައި ހުރި މޭޒެއްގެ ދޮށުގައި ތިބި ޒުވާން ތިން ފިރިހެނުންގެ ތެރެއިން އެކަކު ބުނެލިއެވެ. އެއާއެކު އެތަނުގައި އިން އަދީބު އަނގަޔަށް ލާން ނެގި ހެދިކާއާއެކު އެއްފަރާތަށް އެނބުރި ބަލާލިއެވެ.

“އާން! އެއީ ޙައިދަރު، މިހާރު ވަރަށް ކަޑައޭ، ސޮފޫ ނާދޭ އަހަންނާ މީޓުކުރާކަށް ވެސް، އަހަންނަށް ހީވަނީ އަހަރުމެންނަށް ވުރެ އޭނާގެ ބޯ މާބޮޑުހެން، ކަމެއްވެދާނޭހެން ހީވީ ތޯއްޗެއް” ފަރުވާކުޑަ ރާގެއްގައި އަދީބު ބުންޏެވެ.

“ތިހާ ފަސޭހައިން އޭނާ ދޫކޮށްލަނީތަ، ދެން އަހަރުމެންނަށް ވާނީ ކިހިނެއް؟ އެއްކަލަ ވީޑިއޯ ބޭކާރުވީއެއްނު” މުރާދު ބުނެލިއެވެ.

“ކުރިން ވެސް އަހަރެން ހިތަށް އެރިއޭ މިގޮލާ އަހަރުމެންނަށް އެމަންޖެއެއް ނުދޭނެޔޭ، އެހެންނޫނީ މިފަހަރު އެކަންތައް އެހާ ސިއްރުން ނުކުރީހެއްނު” ބުޝްރީ ބޭނުންވީ އަދީބުލައްވާ އެމީހުން ބޭނުންވާ ކަންތައް ކުރުމަށް ބާރުދޭށެވެ.

“އަހަރެން ކުރާނެކަމެއްތަ އެއީ އޭނާ އަހަންނާ ބައްދަލުކުރަން ނައުން، ކުރިން ވެސް އެހާވަރުން ގެނެވެނީ، މީނދަ ޙައިދަރު އުޅެނީ އޭނާ ގޭގައި ބަންދުކޮށްގެން، މަށަށްވެސް މަ ބޭނުންކަންތައް ފުދުނީމާ އެހާވަރަކުން ނޫޅެވޭނެ އެއްނު” އަދީބު ބުނެލިއެވެ.

“ތިހެން ހަދައިގެން ނުވާނެ، އެހެންނޫނީ އަހަރުމެން އެ ވީޑިއޯ އޭނާއަށް ދައްކާނަން، އޭރުން ޖެހޭނީ އަހަރުމެން ބޭނުންކަމެއް ކުރާކައްނު” މުރާދު ހުރީ އެއްގޮތަކަށް ވެސް ސޮފޫރާ ދޫކޮށްލާ ގޮތަކަށް ނޫނެވެ. އޭނާއަށް އެހާ ގާތުން ފެނުނު މަންޒަރުތަކާއިއެކު ސޮފޫރާގެ ރީތި ސޫރަ ސިކުނޑީގައި ކުރެހިފައިވާ ކަހަލައެވެ. އެ ހަށިގަނޑުން އުފާލިބިގަތުމަށް އޭނާ ވަނީ ފެންބޮވައިގަނެފައެވެ. އެހެންވެ އަދީބު ބޭނުންނުވިޔަސް އޭނާ އެކަން ހުއްޓައެއް ނުލާނެއެވެ. އޭނާއާ ބައިވެރިވާން ބުޝްރީ ހުރިކަމީ އިތުރަށް ލިބިގެންދިޔަ ހިތްވަރެއް ވެސް މެއެވެ.

ސޮފޫރާ އެއްބަސްވިހެން އުޒައިރު ގޮވައިގެން ރަށުގައި ކުޑަކުދިން އެއްވެ އުޅޭ ހިސާބުތަކަށް ދިޔައެވެ. އެއްވެސް ވަރަކަށް ވާހަކަ ނުދެއްކިކަމުގައި ވިޔަސް އުޒައިރުގެ މޫނުމަތިންނާއި ހަރަކާތުން އޭނާ ހުރީ ޝައުގުވެރިވެފައިކަން އެނގެއެވެ. ބޯޅަ ދަނޑުގައި ފުޓުބޯޅަ ކުޅެން އުޅުނު ގުރޫޕަށް އުޒައިރުގެ ސަމާލުކަން ހުއްޓުނެވެ.

“ދޮންބެ ވެސް ފުޓުބޯޅަކުޅޭނެ” އުޒައިރު ބަލަހައްޓައިގެން ހުރެ ބުނެލިއެވެ.

“އެހެންތަ؟ އުޒޭގެ ދޮންބެއެއްވެސް ހުރޭ… އެއީ ފުޓުބޯޅަ ކުޅުންތެރިއެއްތަ؟ ކޮންޓީމަކަށް ކުޅެނީ” ދަނޑުމައްޗަށް ގެއްލިފައި ހުރި އުޒެއިރުއަށް ބަލާލަމުން ސޮފޫރާ އަހާލިއެވެ.

“ކިހިނެއްވީ؟ އުޒޭ ދެރަވީތަ؟ އަނެއްކާ އުޒޭގެ ދޮންބެއަށް ކަމެއް ދިމާވީތަ؟” ދުރަށް ބަލަހައްޓައިގެން ހުރި އުޒައިރު އަނގައިން ނުބުނިކަމުގައި ވިޔަސް އޭނާގެ މޫނުމަތިން ފާޅުވެގެންދިޔަ އަސަރާއިއެކު ސޮފޫރާ ހައިރާންވިއެވެ.

“ދޮންބެ ފުޓުބޯޅަ ނުކުޅެނީ މަންމަ ނެތީމަ، މަންމަ ދެން ނާންނާނެ، ދުވަހަކުވެސް ނާންނާނެ” ފެންކަޅިވުމާއިއެކު ތުންފިއްތާލި އުޒައިރަށް ރޮވިއްޖެއެވެ. އޭނާ ވަނީ މަންމައަށް ބޭނުންވެފައެވެ. އޭނާގެ ހުރިހާކަމެއް ކޮށްދޭން މަންމަ ހުންނަންވީ ދުވަހު އެ މަންމަ އެވަނީ އޭނާއާ ވަކިވެފައެވެ. އެއަށްވުރެ ބޮޑަށް އޭނާ ހިތުގައި ޖެހިފައިވަނީ އޭނާގެ ކުރިމަތީ ބަލިއެނދުގައި މަންމަ އޮތްއިރު އޭނާއަށް ކުރެވޭނޭ ކަމެއްނެތީމައެވެ. މަންމަގެ ފުރާނަނެތް މަސްގަނޑު ގެއިން ނެރުނު ވަގުތަކީ މުޅި ދުނިޔެއަށް އޭނާ ބިކަވެގެން ދިޔަކަމުގެ އިހުސާސެއް ކުރެވިގެން ދިޔަ ވަގުތެކެވެ. ހިތުގައި ޝަކުވާ އުފެދުނީ ބައްޕައަކީ ނުހަނު ބޮޑު މުއްސަންޖަކަށް ވީއިރު ވެސް މަންމަގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތް ނުކުރީކަމުގައި އުޒައިރަށް ހީވާތީއެވެ. ހިތުގައި ލީ އެންމެ ކޫރެއް ރެދަކަށް ބަދަލުވެ އެކި ދިމަދިމާލަށް އެ ފެތުރެން ފެށީއެވެ. އެއާއެކު ބައްޕަދެކެ ވާ ލޯބީގައި ކުނި ޖެހުނީއެވެ. އުމުރުން ކިތަންމެ ހަގު ނަމަވެސް އުޒައިރަށް ވިސްނުނީ އޭނާގެ ބައްޕަ، މަންމަދެކެ ލޯބިނުވަނީ ކަމުގައެވެ. މަރުތަންމަތީގައި އެ މަންމަ ނިމިދިއުމަށް ދޫކޮށްލީ އެހެންވެ ކަމުގައެވެ. އެއްކޮށް އުޅުނު ބޭބެ ވެސް އޭނާއާ މަޑުމަޑުން ދުރަށް ދިޔައީއެވެ. ގޭގައި އުޅޭ ވަގުތު މަދުވުމަކީ އުޒައިރަށް ވިސްނުނު ގޮތުގައި އޭނާގެ ބައްޕަގެ ހަޤީޤަތް ބޭބެއަށް ވެސް އެނގުމެވެ. ހުރިހާ ކަމެއް ހިތުގައި ފޮރުވައިގެން ހުންނަން ޖެހުމުން އުޒައިރުގެ ޠަބީޢަތްވަނީ އެއްކޮށް ބަދަލުވެފައެވެ. އެ އުމުރުގެ ކުދިން އުޅޭހެން އެހެންކުދިންނާ ގުޅި ސަކަރާތްޖެހުމާއި ކުޅެއުޅޭކަށް އޭނާ ބޭނުމެއްނުވެއެވެ. ގިނަވަގުތު އިނދެވެނީ ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. ރޮއެ ބޮޑާހާކައިގެން ސުކޫލުން ވަކިވީ ކިޔަވާހިތް ވެސް ނުވާތީއެވެ. އެކަމަކު އަދި އޭނާއަށް ބައްޕައާ ދެކޮޅު ހަދާނޭހާ ބާރެއް ލިބިފައެއްނެތެވެ. އެހެންވެ މަޖުބޫރުވެގެން ކަހަލަ ގޮތަކަށް ބައްޕަ ބުނާ ކަންކަން ކުރަނީއެވެ.

“އުޒޭ، ރޯކަށް ނުވާނެއެއްނު، ބަލާ! އެންމެން އެއޮއް ބަލަނީ އުޒޭއަށް، އެމީހުން ހީކުރާނީ ސޮފޫ ދައްތައޭ އުޒޭ ރޮއްވާލީ، އަވަހަށް ހުއްޓާލާ… ގެއަށް ދާންވީތަ” ސޮފޫރާއަށް ހަދާނެ ގޮތެއް ނޭނގުނެވެ. އުޒެއިރު ކުއްލިއަކަށް ސޮފޫރާގެ އުނަގަނޑުގައި ދެއަތްވަށާލަމުން އޮޅުލައިގަތެވެ. މަންމައަށް ގުޅަންވީއޭ ހިތަށް އަރާފައި ވެސް ސޮފޫރާ ބެލީ އުޒައިރު ރުއްސައިގެން އޭނާގެ ރުއިން ހުއްޓުވޭތޯއެވެ. މަޑުންމަޑުން އުޒައިރުގެ ގައިގާ ހިފަހައްޓާލައިގެން ހުރެ ޖެހިގެން އޮތް ޕާކުގެ ތެރެއަށް ވަނެވެ. ޖަހާފައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އުޒައިރު ގޮވައިގެން އައިސް ސޮފޫރާ އިށީނެވެ.

“އެހާ އަވަހަށް ރޯކަށް ނުވާނެ، އަވަހަށް ހުއްޓާލާ” ސޮފޫރާ ދެއަތުން އުޒައިރުގެ ލޯކައިރި ފޮހެދެމުން ބުނެލިއެވެ. އުޒައިރު ވެސް އަމިއްލައަށް ލޯކައިރި ފޮހެލަމުން ބޯޖަހާލާފައި ސޮފޫރާއަށް ބަލާލިއެވެ.

“ސޮފޫދައްތަ ކައިރީ އަހަރެން މިރަށުގައި ބަހައްޓަންވީނު” އުޒައިރު ބުނިއެއްޗަކުން އިތުރަށް ސޮފޫރާ ހައިރާންވިއެވެ. ހިތުގައި އެކިއެކި ސުވާލުތައް އުފެދިގަންދިޔައެވެ. އުޒައިރަކީ ކޮންކަހަލަ ކުއްޖެއްބާއޭ ސޮފޫރާގެ ހިތަށް އެރިއެވެ.

“އެ ކީއްކުރަން ސޮފޫދައްތަމެންގޭގައި އުޒޭ ހުންނަން ބޭނުންވަނީ” އުޒައިރަށް ވާގޮތެއް ހޯދަން ސޮފޫރާ ބޭނުންވިއެވެ.

“ކަމެއްނުވޭ” ސޮފޫރާ ކުރި ސުވާލަށް ޖަވާބުދޭން އުޒައިރު ބޭނުންނުވަނީއެވެ.

“ކީއްވެތަ އުޒޭ ގެއަށް ދާން ބޭނުންނުވަނީ، މަންމަ ނެތީމަތަ؟ އެކަމަކު އޭރުން ބައްޕަ ކިހާ ދެރަވާނެ، އުޒޭގެ ބައްޕަ ވަރަށް ލޯބިވޭ އުޒޭދެކެ، ތިހެން ދެރަވެފައި ހުއްޓާ ބައްޕައަށް ފެނުނީމަ ކަމަކުނުދާނެ، ދެން ހިނގާ ގެއަށް ދަމާ، މިތާ ކައިރީ އޮންނާނެ ވަރަށް ރީތި މަސްފެންގަނޑެއް، އެތަން ބަލާލާފައި ދޯ ދާނީ” ސޮފޫރާ މިހެން ބުނެ ތެދުވިއެވެ. އަދި އެއްއަތް އުޒައިރަށް ދިއްކޮށްލުމާއިއެކު އެއަތުގައި އުޒައިރު ހިފިއެވެ. ދެކުދިން އެކުގައި މަސްފެންގަނޑު ހަދާފައި އޮންނަ ދިމާލަށް ހިނގައިގަތެވެ. އެމަންޒަރު ގެއާ ދިމާލަށް މިސްރާބު ޖަހާފައި ތިބި ޙައިދަރާއި ލުތުފީއަށް ފެނުނެވެ.

“އަހަންނަށް ހީވަނީ އުޒައިރު ގޮވައިގެން މިރަށަށް އާދެވުނުކަން މީ ނަސީބެއްހެން” މާނަފުން ގޮތަކަށް ދަރިފުޅަށް ބަލަހައްޓައިގެން ހުރި ލުތުފީ ބުނެލިއެވެ.

“އެ ދިމާލަށް ދަމާ” ޙައިދަރު ޚިޔާލު ދިނީ ސޮފޫރާ އާއި އުޒައިރުމެން ގާތަށް ދިއުމަށެވެ. ނަމަވެސް ލުތުފީ އެކަމަށް މަނާކުރިއެވެ. އޭނާ އެދުނީ އެ ދެކުދިންނަށް ފެނުމުގެ ކުރިން އެތަނުން ދިއުމަށެވެ. އުޒައިރުގެ މަންމަ މަރުވުމަށްފަހު އެ ކުއްޖާ މީހަކާ ގުޅިގެން އުޅޭތަން ފެނުނު ފުރަތަމަ ފަހަރު އެކަމަށް ހުރަސްއެޅިދާނެ ކަމެއް ކުރަން ލުތުފީ ބޭނުންނުވީއެވެ.

އިރުއޮއްސުނު ވަގުތެވެ. ސޮފޫރާ އާއި އުޒައިރު އައިސް ގެއަށް ވަނެވެ. އޭރު ގޯތިތެރެ އޮތީ ހުސްކޮށެވެ. ނަމަވެސް ފެންޑާގެ ތެރެއިން އެތެރެއަށް ވަންއިރު ސޯފާގައި ހުރިހާ ބޮޑެތި މީހުން ވާހަކައިގައި ތިއްބެވެ. ލުތުފީ އުޒައިރަށް ގޮވާލުމުން މަޑުމަޑުން އެކުއްޖާ އައިސް ލުތުފީގެ ގާތުގައި އިށީނެވެ. މިފަހަރު ސޮފޫރާގެ ސަމާލުކަން އެކުއްޖާއަށް ހުއްޓިފައި ވިއެވެ. އުޒައިރު ގެއަށް ދާން ބޭނުންނުވާކަން އެނގޭތީއެވެ. ނަމަވެސް އޭނާ އެ ވާހަކަ އެތަނުގައި ތިބި އެކަކު ގާތުވެސް އެވަގުތު ދައްކާކަށް ބޭނުމެއްނުވިއެވެ. ފުރުޞަތަކަށް ބަލާބަލާ ހުރި ސޮފޫރާއަށް ރަނގަޅު ފުރުޞަތެއް ލިބުނީ އުޒައިރު ގޮވައިގެން ޙައިދަރާއި ލުތުފީ މަޤްރިބު ނަމާދަށް ދިޔަ ވަގުތެވެ. އޭރު އާތިޤާ ވެސް ކޮޓަރިއާ ދިމާލަށް ހިނގައިގަތީ ނަމާދަށް ތައްޔާރުވާންވެގެންނެވެ.

“މަންމާ، އިހަށް މަޑުކޮށްބަލަ” އާތިޤާގެ ފަހަތުން އައި ސޮފޫރާ ނިކަން އަވަހަށް ބުންޏެވެ.

“މިދަނީ ނަމާދަށް އަރަން، ސޮފޫރާ ވެސް ދޭ ވުޟޫކުރަން” ހުއްޓުމެއްނެތި ކުރިއަށް ދިޔަ އާތިޤާ ބުންޏެވެ.

“ނަމާދު ކުރާނަމޭ މަންމާ، އުޒޭގެ ވާހަކައެއް ބުނަންށޭ މިއުޅެނީ، މިއަދު އެކުއްޖާ އަހަރެން ގާތު ބުނީ މިގޭގައި އޭނާ އެއްކޮށް ބަހައްޓަންވީނޫންހޯ، މަންމާ، އުޒޭގެ މަންމައަށް ކިހިނެއްތަވީ؟ އެކުއްޖާ ހުންނަނީ ވަރަށް ފާޑަކަށް، މިއަދު ރޯން ވެސް ރުއި، ހީވަނީ ކޮންމެވެސް ކަމަކާ އޭނާ ވިސްނާހެން” އާތިޤާގެ ސަމާލުކަން ސޮފޫރާ އަތުލިއެވެ.

“އެހެންތަ؟ އޭނާ ހަމައެހެން ބުނިތަ؟، އުޒައިރުގެ މަންމަ މަރުވީ އޭނާ ހަނދާންހުންނަ އުމުރުގައި، އެހެންވެ އެގޮތަށް އެއުޅެނީ، އެކަމަކު އަޖައިބެއް ތީ އެ ކުއްޖާ މިގޭގައި ހުންނަން ބޭނުންވީމަ” އާތިޤާ ބުނެލިއެވެ. އަދި މަޑުކުރުމެއްނެތި ފައިކުރި އާއި އަތްކުރި މައްޗަށް އޮޅާލުމާއިއެކު ފާޚާނާއަށް ވަނެވެ. ފާޚާނާގެ ދޮރުމަތީ ހުރެ ސޮފޫރާ، އުޒައިރާ ގުޅިގެން އެކިއެކި ވާހަކަދެއްކިއެވެ. އާތިޤާގެ ފަރާތުން އޭނާއަށް އެނގުނީ ލުތުފީއަށްވުރެ އޭނާގެ ދަރިންނާއި އެކުދިންގެ މަންމައާ އޮންނަ ގުޅުން ގާތްވެފައި ވަރުގަދަކަމެވެ.

ރޭގަނޑު އަށެއްޖެހި އިރު އެންމެން އަދި ކާމޭޒު ދޮށުން ނުފައިބައެވެ. ސޮފޫރާ އަވަސްއަވަސްކޮށްލާފައި އަތްދޮވެލައިގެން ނިކުތީ އޭނާ ޝިޔާނާމެންގެއަށް ދަނީ ކަމުގައި ބުނެފައެވެ. ސޮފޫރާ، އުޒައިރު ގޮވައިގެން އުޅުނީތީވެ އާތިޤާ ވެސް ނިކަން ފަސޭހައިން އެއްބަސްވެލިއެވެ. އަދި ކާކޮޓަރިން ނިކުންނަން ދިޔަ ދަރިފުޅުގެ ގާތުގައި ޝީޔާނާގެ މަންމައަށް ސަލާމްބުނައްޗޭ ބުނެލިއެވެ. އަވަހަށް ބޯޖަހާލަމުން ސޮފޫރާ އެތަނުން ބޭރަށް ނިކުތެވެ. އަދި ކޮޓަރިއަށް ވަދެ ގަޔަށް ސެންޓު ޖަހާލައިގެން ކޮނޑުގައި އަޅުވާލި ދިގު ވާގަނޑުލީ އަތްދަބަހުގައި ހިފަހައްޓައިލައިގެން ހުރެ ގޭގެ ދޮރޯށިން ނިކުތެވެ.

ސޮފޫރާ އައިސް ފަޅުގޭގެ ދޮރާދިމާއަށް ހުއްޓުނުތަނާ އެތެރެއިން ދިއްކޮށްލި އަތަކުން އޭނާގެ މުލައްދަނޑީގައި ހިފައި ދަމައިގަތެވެ. އެއާއެކު އަތުގައި އޮތް ފޯނުގެ އަލި އެޅުނީ އަދީބުގެ މޫނަށެވެ. ލުއި ގޮތަކަށް ހީނލުމާއިއެކު ސޮފޫރާ ހުރިވަރަށްވުރެ އަދީބާ ގާތްވެލިއެވެ. އަދި މިފަހަކަށް އައިސް އެ ދެމީހުން ދިމާވެއްޖެނަމަ އެ ދެމެދުގައި ހިނގާ ގާތް ގުޅުން ކުރިއަށް ގެންދިޔައެވެ. ނަމަވެސް މިރޭ އަދީބުގެ ހަރަކާތްތައް ތަފާތުހެން ސޮފޫރާއަށް ހީވިއެވެ.

“އަދީބު، ކިހިނެއްވީ… މިރޭ ހާދަ އަވަސްއަރުވާލާފައި ތިއުޅެނީ، އަވަހަށް ދާން ޖެހެނީތަ” މާ އަވަހަށް އަދީބު ދުރަށްދިއުމުން ސޮފޫރާއަށް އަހާލެވުނެވެ.

“ކަމެއްނުވޭ، މިތަނަށް ދެން އަންނާކަށް ނުފެނޭ” އަދީބު ބުނެލިއެވެ. އެއާއެކު ސޮފޫރާގެ ހިތާ ސިކުނޑި ސުވާލުތަކުން ފުރުނެވެ. ކުއްލިއަކަށް އަދީބަށް އެތަން ކަމުނުދާންވީ ސަބަބެއް އޮންނާނެކަމުގައި ސޮފޫރާއަށް ޤަބޫލުކުރެވުނެވެ.

ދެމީހުން ހަމަޖެހިލުމަށްފަހު ފަޅުގޭގެ އެތެރޭގައި އާންމުކޮށް އެމީހުން އިށީނދެ ތިބޭ ގާފޮޅުމަތީ އައިސް އިށީނެވެ. އެހެން ރޭރެއަށްވުރެ މިރޭ އަދީބު ބަސްމަދުކަން ވެސް ސޮފޫރާއަށް ފާހަގަކުރެވުނެވެ.

“އަހަރެން ޤަބޫލެއްނުކުރާނަން، އަދީބު ނުބުންޏަސް އަހަންނަށް އެނގޭ ކޮންމެވެސް ކަމެއްވެއްޖެކަން، މިރޭ މިތަނަށް އަންނާށޭ ކިޔާ އާދޭސްކުރިއިރު އަދީބުގެ އަޑުގައި ތި ހަމަހިމޭންކަމެއްނެތް، އޭރު އަހަންނަށް އަދީބު ބޭނުންވެފައި ހުރިކަން އެނގޭ، ދެން ކުއްލިއަކަށް ބަދަލުވާންޖެހުނު ސަބަބަކީ ކޮބާ؟ އަދީބު ބުނީމެއްނު މިހިސާބަށް އެއްވެސް ބަޔަކު ވެސް ނާންނާނެއޭ، އަހަރުމެން ދެމީހުން ބައްދަލުކުރަން މިއަށްވުރެ ރަނގަޅުތަނެއްކޮބާ؟ އޭތް! ވާހަކަދައްކަބަލަ، ކިހިނެއްވެފައި ހޭ ތި އިންނަނީ” ސޮފޫރާ، އަދީބުގެ އަތްތިލައިގައި ދެއަތުން ހިފައި ތަޅުވައިގަތެވެ.

“އާން ސޮފޫ، ކަމެއްވެގެން މިއުޅެނީ، އެކަމަކު މިވާހަކަ ބުނުމުން ސޮފޫއަށް ވާނެގޮތަކާ މެދު އަހަރެން ބިރުގަންނަނީ” އިރުގަނޑަކު އެއްޗެއް ނުބުނެ އިނުމަށްފަހު އަދީބު ބުނެލިއެވެ.

“ކިހިނެއްތަވީ؟ އަހަރެން އިތުރަށް ހާސްނުކޮށް ބުނެބަލަ” ސޮފޫރާ ކަންތައްބޮޑުވިއެވެ.

“އަހަންނަށް މިއަދު ސިޑީއެއް ލިބިއްޖެ، އޭގައި…. އޭގައިވާ ވީޑިއޯ… އަހަންނަކަށް ނުކެރޭނެ ބުނާކަށް، އަހަރެން މިއައީ އޭތި ހިފައިގެން، ސޮފޫ އެ ސިޑީ ގެއަށް ގޮސް ބަލާ” އަދީބު މޫނު އަނބުރާލިއެވެ. އަދި ތެދުވެފައި އޭނާގެ ޖިންސުގެ ޖީބުގައި އޮތް ސީޑީ ނަގައި ސޮފޫރާއަށް ދިއްކޮށްލިއެވެ.

“ކޯއްޗެއްތަ މީގައި ހުރީ، އަދިވެސް އަހަންނަކަށް ނޭނގުނު، ޕްލީޒް އަދީބު… ވާހަކަދައްކަބަލަ، އަހަންނަށް ހުރިހާކަމެއް ސާފުވާނޭހެން ވާހަކަދައްކަބަލަ” ސީޑީގައި ހިފި ސޮފޫރާ އަދީބުގެ ކުރިމައްޗަށް އައިސް ހުއްޓި އޭނާގެ ޓީޝާޓުގެ މޭމަތިން ހިފަހައްޓާލިއެވެ.

“ސޮފޫ ގެއަށް ދޭ، މިތަނުގައި މަޑުކުރާކަށް އަހަންނަކަށް ނުފެނޭ، އަހަރެން ވެސް ބޭނުންވަނީ ގެއަށްދާން، އަހަރެން ބުނަން މިއުޅެނީ ކީކޭކަން ސޮފޫއަށް ސާފުވާނެ އަތުގައި ތިއޮތް ސިޑީ ބެލީމަ…. ދެން ހިނގާ ދާން” އަދީބު، ސޮފޫރާގެ އަތުގައި ހިފައިގެން އެ ފަޅުގޭގެ ތެރެއިން މަގަށް ނިކުތެވެ. އަދި ވަކި ހިސާބަކަށް ސޮފޫރާއާއެކު އައުމަށްފަހު އޭނާ އެކަނި ދިއުމަށް ދޫކޮށްލިއެވެ.

ދުވަމުން ކަހަލަ ގޮތަކަށް ސޮފޫރާ އައިސް ގޭގެ ދޮރޯށިން އެތެރެއަށް ވަނެއެވެ. އޭރު ގޯތިތެރޭ އޭނާގެ މަންމަ އާއި ޙައިދަރުގެ އިތުރުން ލުތުފީ ތިއްބެވެ. އާތިޤާ ގޮވާލުމުން ވެސް އެމީހުންނާ ވާހަކަދެއްކުމެއް ނެތި ސޮފޫރާ އަވަހަށް އައިސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލާފައި އޭނާގެ ލެޕްޓޮޕު ނަގާ ހުޅުވާލިއެވެ. އަދި އަތުގައި އޮތް ސީޑީ އެއަށް ލައްވާލުމާއިއެކު އެނދުމަތީ އިށީނެވެ.

ލެޕްޓޮޕަށްލެއްވި ސިޑީ ޕްލޭކޮށްލުމާއިއެކު ފުރަތަމަ ފެންނަން ފެށީ އަނދިރި ހިޔަންޏެކެވެ. އަދި ރާނާފައިހުރި ގާފޮޅުތަކެކެވެ. ނަމަވެސް ގިނައިރެއްނުވެ ސޮފޫރާއަށް ފެންނަން ފެށި މަންޒަރުން ކުއްލިއަކަށް ލެޕްޓޮޕު ލައްޕާލުމާއިއެކު އަނގަމަތީ އަތްއަޅާލެވުނެވެ. ހާސްވެފައި ހުރި ފަދަ ގޮތަކަށް ކޮޅަށް ތެދުވެ ލެޕްޓޮޕަށް ބަލަހައްޓައިގެން އޭނާ ހުއްޓެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އަނެއްކާ ވެސް މަޑުމަޑުން އައިސް އެނދުގައި އިށީނދެ ލެޕްޓޮޕު ހުޅުވާލާފައި ސީޑީ ޕްލޭކުރަން ފެށިއެވެ. ބަލަމުން ދިޔަ ވަރަކަށް ސޮފޫރާގެ ދެލޯ ފެންކަޅިވަމުން ދިޔައެވެ. އެހެންނަމަވެސް ދެލޯ ފޮހެމުން ހިތްވަރުކޮށްފައި އެ ސީޑީގައި އޮތް ކްލިޕު އެއްކޮށް ބަލާ ނިންމާލިއެވެ.

“ދެން ކިހިނެއް ހަދާނީ… ކާކުބާ އެ ވީޑީއޯ ކުރީ” ހާސްވެފައި އިނދެ ވިސްނަމުން ދިޔަ ސޮފޫރާ އަމިއްލަ ނަފުސާ ސުވާލުކޮށްލިއެވެ.

ސޮފޫރާ ވަގުތުން ސީޑީ ނަގާ އޭތި ބިންދާލިއެވެ. އޭނާ ހިތްހަމަޖެހުނީ އެތައް ފަޅިއަކަށް އެ ސީޑީ ކުދިކުދިވީމައެވެ. އެއަށްފަހު އަވަހަށް އަދީބަށް ގުޅިއެވެ. އޭނާ ފޯނު ނެގީ ސޮފޫރާ ދެފަހަރަކު ގުޅިފަހުންނެވެ.

“އަދީބު ބަލައިފިންތަ އެ ސީޑީ، އެއީ ކާކު ކުރިކަމެއް” ސޮފޫރާގެ އަޑުން ވެސް އޭނާ ކަންބޮޑުވެފައި ހުރި ވަރު ފޯނުގެ އަނެއްކޮޅުގައި އަޑުއަހަން ހުރި އަދީބަށް ނަގައިގަނެވުނެވެ.

“ކިހިނެއް އެނގެނީ ކާކު ކުރިކަމެއްކަން، އަހަރެން ވެސް މިހިރީ ޝޮކުގަ، އަހަންނަކަށް ނުފެނޭ ދެން އަހަރުމެން ބައްދަލުކުރާކަށް” އަދީބު ބުނެލިއެވެ.

“އެ ވީޑީއޯ މީހުންނަށް ފެންނަގޮތަށް އާންމުކޮށްފިއްޔާ ދެން ކިހިނެއްވާނީ، މުޅި ރަށުގައި އަހަރެން ބަދުނާމުވާނެއެއްނު، ޕްލީޒް އަދީބު، ބަލާބަލަ އެއީ ކާކުކޮށްގެން އުޅޭ ކަމެއްތޯ، ކޮންކަމެއްތޯ އަހަރުމެންގެ ކިބައިގެން ބޭނުންވަނީ” ސޮފޫރާއަށް މާގިނަ ވާހަކައެއް ނުދެއްކުނެވެ. އޭނާއަށް ރޮވުނީއެވެ.

“އަހަންނަކަށް ނޭނގެ ބަލަން ހަދާނީ ވަކި ކިހިނެއްކަމެއް، އިހަށް މަޑުމަޑުން ތިބެން ފެންނަނީ، ސޮފޫ ވެސް އަހަންނާ ބައްދަލުނުކުރުން އެއީ އެންމެ ރަނގަޅުގޮތް” އަދީބު މިހެން ބުނުމުން ސޮފޫރާ އިތުރަށް ކަންބޮޑުވާގޮތްވިއެވެ.

“އަދީބު އަހަންނާ ދުރަށްދާންތަ ތި ވިސްނަނީ، އެވެސް އަހަރުމެން ދެމީހުންގެ ވީޑިއޯއެއް ބަޔަކު ކުރިކަން އެނގުނީމަތަ، އޭގެ ބަދަލުގައި އަހަންނަށް ފެންނަނީ އަހަރުމެން ދެމީހުން ކައިވެނިކުރަން، އޭރުން އެކަކަށް ވެސް ބުނެވޭނެ އެއްޗެއް ނޯންނާނެ، އޭރުން އެ ވީޑިއޯ ނެރުނަސް މީހުން އަހަރުމެން ދެމީހުން ބަދުނާމެއް ނުކުރާނެ” ސޮފޫރާގެ ޚިޔާލު ހާމަކުރިއެއްކަމަކު އެކަން އަދީބު ޤަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. އެއީ ކީއްވެކަމެއް ސޮފޫރާއަކަށް ނުވިސްނުނެވެ. އިތުރަށް ވާހަކަދައްކަން ބޭނުންވެފައި ހުއްޓާ އަދީބު އެންމެ ފަހުން ފޯނު ކަނޑާލީއެވެ. ހާސްވެގެން ކޮޓަރިތެރޭ ދެކޮޅަށް ހިނގަންފެށި ސޮފޫރާއަށް ހަމަ ރޮވެނީއެވެ. ދެން ހަދާނީ ކިހިނެއްކަން ނޭނގޭތީއެވެ.

“މަންމަމެންނަށް ފެނިއްޖެއްޔާ ދެން… ކާކުތަ އަހަރުމެންނަށް އެރޭ ފާރަލީ… އަދީބު… އަދީބު ވެސް މިވަގުތު އަހަންނާ ދުރަށް ގޮސްފިއްޔާ ދެންވާނީ ކިހިނެއް…. މުޅި ރަށަށް އަހަރުމެން ދެމީހުން ބަދުނާމުވާނެ… ނޫން، ނޫން… އޭނާ ބަދުނާމެއްނުވާނެ، އެ ވީޑިއޯގައި އޭނާގެ މޫނެއް ނުފެނޭ، އެކަމަކު އަހަރެންގެ ނުފެންނަ އެންމެ ތަންކޮޅެއް ވެސް ނެތް…” މޮޔައަކު ހެން ދެކޮޅަށް ހިނގަމުން ސޮފޫރާ ވާހަކަދެއްކިއެވެ. އޭރުވެސް އޭނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ކުޑަކޮށްވެސް އުންމީދު ކޮށްފައިނުވާ ވަރުގެ ބޮޑު ދެރައެއް ލިބުމުން އޭނާ ހާސްވެގެން ގޮސް ގޮތް ހުސްވީއެވެ.

* * * *

ފަތިހުގެ އެލާމާއިއެކު މޯޅިއަކަށް ދެމިލާފައި އަރުފީނު ލޯހުޅުވާލިއެވެ. ގޭގައި އޭނާއަށް އުނދަގޫ ކުރަން ރުހައިލު ނެތުމީ މިވަގުތު އޭނާއަށް ލިބިފައިވާ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ހެނދުނުން ފެށިގެން ރޭގަނޑު ނިދަން ވަންދެން ވެސް އޭނާގެ ޠަބީޢަތުގައި އެކުލެވިފައިވަނީ މަޑުމައިތިރި ކަމާއި އުފާވެރި ކަމެވެ. ގޭގައި ގެންގުޅޭ ކުދިން އޭނާއާމެދު ކަންތައް ކުރަނީ ހެޔޮކޮށެވެ. އަރުފީނު ބޭނުންވާ ތަންތަނަށް ޝާރުދާމެންގެ ކާރުގައި ފާރޫޤު އޭނާ ގެންގޮސްދެއެވެ. ދަތިވާ އެއްވެސް ކަމެއްނެތެވެ. އަމިއްލަ ބޭނުންތަކަށް ޚަރަދު ކުރުމަށް އޭނާގެ ބައްޕަ ހުންނަނީ ފައިސާ ފޮނުވާދީފައެވެ. ފުރަތަމަ ފަހަރަށް އަރުފީނު ހުންނަ ގޭގައި އޭނާއަށް ހަމަޖެހިލާނޭ ފުރުޞަތެއް ލިބިގެން ދިޔައެވެ. މެންދުރު ފަހުގެ ވަގުތު ތަކުގައި ގެންގުޅޭ މީހުންނާއިއެކު ބަގީޗާގައި ހުންނަ މޭޒުދޮށުގައި ސައިބުއިމާއި ވާހަކަދައްކާލުމުގައި އަރުފީނު ވަގުތު ހޭދަ ކުރެއެވެ. އަދި މިނިވަންކަމާއިއެކު އޭނާގެ ކިޔެވުމުގެ މަސައްކަތްތައް ނިންމުމުގައި ގޯތިތެރޭގައި އެތައް އިރެއްވާންދެން އިނުމުގެ ފުރުޞަތު ލިބިގެންދެއެވެ. އެހެން އިންނައިރު ވަރުޝާ އޭނާއަށް ލުއި ކާއެއްޗެއް ހަދައިގެން ނުގެނެސްދޭ ދުވަހެއް ނުދެއެވެ. ނަމަވެސް އެ ބޮޑުގޭގައި ޝާރުދާ ނެތުމުގެ އިހުސާސް އަރުފީނަށް ކުރެވެއެވެ.

* * * *

ކައިވެނި ހަފްލާއަކަށް ތައްޔާރުކުރާހާ ކުލަގަދަ ކޮށް ރިސޯޓުގެ އެކި ދިމަދިމާ ތައްޔާރުކުރަމުން ދިޔައެވެ. އަތިރިމަތީގެ ދޮންވެލިގަނޑުން ފެށިގެން މެހެމާނުންނަށް ކެއުން ތައްޔާރުކޮށްފައިވާ ފެންޑާއާ ފޮތިދަމާ ޚިޔާކޮށްލެވިފައި ވެއެވެ. އަދި ކައިރީގައި ހުރި ގަސްތަކުގައި ފުޅިބައްތިތައް އެލުވައި އަލިކުރަން ތައްޔާރުކުރަމުން ދިޔައެވެ. މިހުރިހާ ކަމެއް ކައިރިން ބަލަމުން ދިޔަ އިޒްވާނު ހުރީ ވަރަށް ވެސް ހިތްހަމަޖެހިފައެވެ. އޭނާގެ ދާދި ގާތުގައި މެހެނާޒު ހުއްޓެވެ. އޭނާގެ ދުލުން އިވެމުންދިޔައީ ތަނުގެ ފުރިހަމަކަމުގެ ވާހަކައެވެ. އެކަމުގެ ސަބަބުން ވެސް އިޒްވާނަށް އެ ހަފްލާ ކާމިޔާބު ހަފްލާއަކަށް ވާނެކަމުގެ ޔަގީންކަން އޮތެވެ. މެހެނާޒަކީ ފާޑުކިޔަން ދަންނަ އަންހެނެއްކަން ޚުދު އިޒުވާނަށް ވެސް އެނގެއެވެ.

ދުރުގައި ހުއްޓިލައިގެން ހުރި ޝާރުދާ ބަލަމުން ދިޔައީ މުޅި ތަން އޭނާގެ ދޮށީ ދަރިފުޅުގެ “އެންގޭޖުމެންޓަށް” ތައްޔާރުކުރެވެމުންދާ މަންޒަރެވެ. އެހެންނަމަވެސް އޭނާގެ މޫނުމަތިން ފެންނަންޖެހޭ އުފާވެރިކަމެއް ނުފެނެއެވެ. އެކަން ފާހަގަކުރެވުނީ “ރެޑްބުލް” ދަޅެއް ހިފައިގެން ފަޒަލް އާއިއެކު އެ ދިމާލަށް ނިކުތް ރުހައިލަށެވެ. މަންމަ ކަންބޮޑުވެފައި ހުރިހެން ހީވެ އައިސް ޝާރުދާގެ ގާތުގައި މަޑުކޮށްލިއެވެ.

“ދޮންބެ ދާތީތަ މަންމަ އެހާ ދެރަވެފައި ތިހުންނަނީ” ރުހައިލު އައިސް ހުއްޓިލަމުން ޝާރުދާއަށް ބުނެލިއެވެ.

“ދަރިފުޅު ވެސް މީހަކާ އިންނަންވީމަ މަންމަ މަތިން ހަނދާނެއްނުވާނެ، އެ ދުވަހުން ދަރިފުޅު ވެސް މަންމަ ދޫކޮށްލާފައި އަންހެނުން ގާތަށް ކަންނޭނގެ ދާނީ” މެހެނާޒާއިއެކު އުޅޭ އިޒްވާނާ ދިމާލަށް ބަލަހައްޓައިގެން ހުރެ ޝާރުދާ ބުނެލިއެވެ.

“އަޅުގަނޑު… ނުވާނެ އެހެނެއް، މަންމަ އަދިވެސް އަޅުގަނޑު ނޭނގޭތަ، ދޮންބެ އެހެން ހެދިޔަސް، އަޅުގަނޑު މަންމަ ދުލެއްނުކުރާނަން، އެހެންވެ އެއްނު މަންމަ ބުނާގޮތް ހަދައިގެން މިކޮޅުގައި މިހުންނަނީ ވެސް، އަޅުގަނޑު ދޮންބެހެން އެހާ އަވަހަށް ކައިވެނި ކުރާކަށް ނުވިސްނަން، މަންމަ ދެރަނުވެބަލަ، އަޅުގަނޑު ދޮންބެއަށާލައިގެން މަންމައަށް އުނދަގޫ ކުރާނަމޭ” ރުހައިލު ލާނެތް ގޮތަކަށް ޝާރުދާގެ ކޮނޑުގައި އެއްއަތް އަޅުވާލާފައި ބޮލާއި ބޯ ޖައްސާލިއެވެ.

“މިހާރު ރުހައިލު ހުންނަނީ މަންމައަށް އުނދަގުލެއް ނުކޮށްވިއްޔާ” ޝާރުދާ ހިނިއައިސްފައި އޭނާގެ ބޮލުގައި ބޯޖައްސާލި ރުހައިލަށް ލޮލުގެ ހިމަކޮޅުން ބަލާލިއެވެ. ޝަރުދާގެ ތުންފަތުން ފެނިގެން ދިޔަ ހިނިތުންވުމާއިއެކު ރުހައިލަށް އޭނާ އައި ބޭނުން ފުރިހަމަވީއެވެ.

“އާންޓީ، އަޅުގަނޑު ވެސް ބޭނުންވަނީ ރާއްޖޭ ކުއްޖަކާ އިންނަން” މަޑުމަޑުން ޝާރުދާގެ ވާތްފަރާތުގައި މަޑުކޮށްލައިގެން ހުރި ފަޒަލް ބުނެލިއެވެ.

“މިހާރު އިންނަންވީ ކުއްޖާ ވެސް ހުރީ ތައްޔާރަށް ދޯ، އެއީ ބަބުރުކުއްޖެއްތަ” ރުހައިލު ދިމާކޮށްލިއެވެ. އޭނާ ފަޒަލްގެ ވާހަކަ އެވަގުތު ވެސް ގުޅުވާލީ އަރުފީނާއެވެ.

“އޯ ޝަޓް އަޕް ރުހައިލް” ދެބުމަ ގުޅުވާލަމުން ފަޒަލް މިހެން އައިގޮތަށް އައިސް ރުހައިލުގެ އަތުގައި ހިފައިގެން ދުރަށް ހިނގައިގަތެވެ. އެ ދެ ކުދިންނާ ދިމާލަށް ބަލަން ޝާރުދާ ހެވިލާފައި ހުއްޓެވެ. ކުޑަވަގުތު ކޮޅަކަށް ނަމަވެސް އިޒުވާނު ކުރަން އުޅޭ ކަންތައްމަތިން އޭނާގެ ފިކުރުތައް ދުރުވެގެން ހިނގައްޖެއެވެ.

* * * *

މުރާދު އާއި ބުޝްރީއާއެކު މެންދުރު ފަހު މޫދަށް އެރެން ގޮސް އުޅުނު އަދީބު އެމީހުން ބުނިގޮތަށް ކަންތައް ކޮށްފިން ކަމުގައި ބުނެލިއެވެ. އެއާއެކު މުރާދު އޭނާގެ މަސައްކަތް ފަށަންވީ ކަމުގައި ބުންޏެވެ.

“ތިކަމުގައި އަހަރެންގެ އަތެއްވާކަން ސޮފޫއަށް އެނގިއްޖެއްޔާ ކަމަކު ނުދާނެ، ފަހަރެއްގައި އޭނާގެ ބައްޕަ އަތުވެދާނެ މަށާ ދިމާލަށް، އަނެއްކާ ޕޮލިހަށް މައްސަލަ ގެންގޮސްފިއްޔާ ކިހިނެއްވާނީ؟” ބޮލުން ފެންފޮޅާލަމުން މޫދުން އަރައިގެން އައި އަދީބު ބުނެލިއެވެ. އޭނާގެ ދެފަރާތުން މުރާދު އާއި ބުޝްރީ ވެސް މޫދުން އަރައިގެން އައެވެ.

“އަދީބު، ކަލޭ ހިތްކީ ދޯ އެމަންޖެއަށް” ބުޝްރީ ބުނެލިއެވެ.

“ސާބަސް، އެހެންވެއެއްނޫން، އަހަރެންގެ ސަލާމަތަށް ވިސްނަން ޖެހޭނީ ހަމަ އަހަންނެއްނު” އަދީބުގެ ޚިޔާލު ހުރި ގޮތް އޭނާ ހާމަކުރިއެވެ.

“އަހަރެން ބުނެފީމެއްނު ކަލޭ ހާސްނުވާށޭ، އަންހެންކުއްޖަކު ކިތަންމެ ފުއްޕިޔަސް ނުކެރޭނެ އަމިއްލައަށް ޕޮލިހަށްދާކަށް، އޭރުން ބޭޒާރުވާނީ ހަމަ އޭނާ، މިހާތަނަށް އެއްވެސް އަންހެން ކުއްޖަކަށް ކެރުނުތަ އަހަރުމެން ބޭނުންވިގޮތާ ދެކޮޅަށް ކަންތައްކުރަން، ތި ސޮފޫރާ ވެސް ހަމަވާނީ އެހެން، ރޮއެރޮއެފައި އާދޭސްކޮށްފަ ވެސް އެންމެފަހުން ދާނީ އަހަރުމެންގެ ބޭނުން ފުއްދައިދީފައި، އެ ވީޑިއޯ ކޮންމެ މީހަކު ބެލިޔަސް އެއީ އަދީބުކަން ސާބިތުކުރާކަށް ނުކެރޭނެ… އެހެންވީމަ މިކަން ނިމެންދެން ކަލޭ މަޑުމަޑުން ހުރޭ” ތަޖުރިބާއާއެކު މުރާދު ވާހަކަދެއްކިއެވެ.

“ކަމެއްވެއްޖެކަން އެނގިއްޖެއެއްނު، ބަލާބަލަ! އެބައޮތެއްނު ގުޅާލާފައި” އެއްގަމަށް އަރައިގެން އައިސް ޓީޝާޓުލަމުން އެއަށް ފޮރުވަން ލާފައި އޮތް ފޯނު ނަގާ އަދީބު ބަލާލިއެވެ. އޭނާ ބުނި އެއްޗަކުން މުރާދު އާއި ބުޝްރީ ވެސް ދެފަރާތުން އައިސް އަދީބުގެ ފޯނު ބަލާލިއެވެ.

“ދުއިސައްތަ ހަތްދިހަ މިސްކޯލު، މޮޔަވެގެން ގޮސް ހަލާކުވެފައި ހުރި މަންޖެއެއް އެއީ” މުރާދު މިހެންބުނެ ހީނގަތެވެ. އަދީބު ދެފަރާތަށް ބޯހޫރާލަފައި ރައްޓެހިންނާއިއެކު ރަށުތެރެއަށް އެރުމަށް ހިނގައިގަތެވެ.

އިރުއޮއްސުނު ވަގުތެވެ. އާދަޔާ ޚިލާފަށް ބަސްމަދުވެފައި ގޯތިތެރޭ ހުރި އަށީގައި ބަންޑުން އޮށޯވެލައިގެން ސޮފޫރާ އޮތެވެ. އޭނާގެ ގާތުގައި ބޯޅައެއް ހިފައިގެން ފުޓުބޯޅަކުޅެން އުޒައިރު އުޅެއެވެ. ފެންޑާގެ ދޮރުމަތީ ހުރެ އާތިޤާ ދެތިން ފަހަރަށް ސޮފޫރާއަށް ގޮވާލުމުން ވެސް އޭނާ އަޑުއިވޭ ކަމަކަށް ނުހެދިއެވެ.

“އުޒައިރު، މިހާރު ބައްޕަ އަންނަން އުޅޭނެ އާދޭ އެތެރެއަށް، ވުޟޫކޮށްލައިގެން ހުރޭ އޭރުން ބައްޕަ އައިމަ މިސްކިތަށް ދެވޭނީ” އަށްޓާއި ދިމާލަށް އައި އާތިޤާ ބުނެލިއެވެ. އެއާއެކު އުޒައިރު އޭނާ ކުޅެން ގެންގުޅުނު ބޯޅަ އަތަށް ލައިގެން ގޭތެރެއަށް ގޮސް ވަދެއްޖެއެވެ.

“ސޮފޫރާ، ކިހިނެއްވެފައިތަ ތި އޮންނަނީ، ނިދުނީތަ؟ ދެން ތެދުވޭ، މިހާރު އިރުއޮއްސިއްޖެ، ތިހެން ބޭރުގައި އޮންނާކަށް ނުވާނެ” އާތިޤާ އައިސް ސޮފޫރާގެ ކޮނޑުގައި އަތްޖައްސާލަމުން އޭނާއަށް ގޮވާލިއެވެ. އަނގައިން ނުބުނެ މަޑުމަޑުން ތެދުވެގެން ސޮފޫރާ އައިސް ގޭތެރެއަށް ވަނެވެ.

“ދަރިފުޅު ބަލީތަ؟” ސޮފޫރާ އޭނާގެ ކޮޓަރިއާ ދިމާއަށް ދިޔަގޮތް ފެނިފައި އާތިޤާ އަހާލިއެވެ. އެއާއެކު ދެފަރާތަށް ސޮފޫރާ ބޯހޫރާލީ ނޫނެކޭ ބުނުމަށެވެ. އަދި އިތުރު އެއްޗެއް އާތިޤާ ނާހަނީސް އޭނާ އައިސް ކޮޓަރިއަށް ވަދެ ދޮރުލައްޕާ ތަޅުލައިފިއެވެ.

އެނދުމައްޗަށް ވެއްޓިގަންނަމުން ބާލީސް ގެނެސް އޭގައި ބާރަށް ބައްދާލިއެވެ. އަދި އަނެއްކާ ވެސް އަދީބަށް ގުޅޭތޯ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އަދީބު ފޯނެއް ނުނެގިއެވެ. އެންމެފަހުން ސޮފޫރާ ދިގު މެސެޖެއް ލިޔެފައި އަދީބަށް ފޮނުވާލިއެވެ. ﷲ އަށްޓަކައި ވިޔަސް އޭނާއާ އެއްފަހަރު ވާހަކަދެއްކުމަށެވެ. އެއާއެކު އަދީބު މެސެޖު ކުރީ އޭނާއަށް ގުޅުމަށެވެ. އަވަސް އަވަހަށް ސޮފޫރާ ގުޅިއެވެ.

“އަދީބު، އަހަރުމެން ދެމީހުން މިކަމާ ވާހަކަ ނުދައްކާ ގުޅުން ކަނޑާލުމަކީ ހައްލެއްނޫން، އަހަރެން އަދީބުދެކެ ވަރަށް ލޯބިވޭ، އަހަރެން ޤަބޫލުކުރަނީ އަދީބު ވެސް އަހަރެންދެކެ ވަރަށް ލޯބިވާކަމުގައި، ހިނގާބަލަ އަހަރުމެން ދެމީހުން މެރީ ކުރަން، އަދީބު ޖޮބަކަށް ނުދި ނަމަވެސް އަހަރެންގެ ބައްޕަ ގާތު ބުނެގެން މި ކައިވެނި ކުރެވޭނޭ ގޮތް ހަމަޖައްސަ ފާނަން، އެހެންނޫނީ ވަރަށް ބޮޑު ލަދެއްގައި އަހަރުމެން ބެދިދާނެ” އަދީބުގެ އަޑުއިވުމާއިއެކު ވަގުތުން ސޮފޫރާއަށް ރޮވިއްޖެއެވެ. އަދި އާދޭސްކުރަން ފެށުނެވެ.

“އަހަރެން އަދި މީހަކާ އިންނާކަށް ބޭނުމެއްނޫން، އެހެންނޫނަސް ސޮފޫގެ ބައްޕަގެ ފައިސާގައި ޖެހޭކަށް އަހަރެން ބޭނުމެއްނޫން، ސޮފޫ ހާސްނުވެބަލަ، ވެދާނެ އެއްނު އެމީހަކު ހަމައެކަނި ބޭނުންވީ ބިރު ދައްކާލަން ކަމަށް، ނޫނީ ސޮފޫއާ އަޅައިގަނެގެން މީހަކު އުޅެނީތަ” އަދީބުގެ އަޑުގައި އެއްވެސް ވަރަކަށް ހާސްކަން ނެތްކަން ސޮފޫރާއަށް ފާހަގަވިއެވެ.

“އަހަރެން އަލަށް ވެސް ރައްޓެހިވި މީހަކީ ތީ، ފިރިހެނަކާ ގާތްވި ނަމަ ގާތްވެފައި އޮންނާނީ ހަމައެކަނި އަދީބާ، އެކަން އަދީބަށް އެނގޭނެ…. އަދީބު، ތެދަށް ބުނެބަލަ… އަހަރެންދެކެ ލޯބިވޭތަ؟” އަދީބުގެ ފަރުވާކުޑަކަން އިހުސާސްކުރެވުމުން ސޮފޫރާ އިތުރަށް ދެރަވިއެވެ.

“ތީ ދެން ކޮންކަހަލަ ސުވާލެއް، ލޯބި ނުވަންޏާ ގުޅިގެނެއް ނޫޅޭނެއެއްނު، އަހަރެން ހީކުރީ ސޮފޫއަކީ ވަރަށް ކޫލް ކުއްޖެއްކަމަށް، އެކަމަކު މިހާރު ތިއުޅެނީ އެހެން އަންހެންކުދިން އުޅޭ ވައްތަރަ، އަހަންނަށް ތިގޮތް ކަމަކު ނުދޭ، ބުނެފީމެއްނު ދުވަސްކޮޅަކު ދެމީހުން ކުޑަކޮށް ދުރުވެލާނީއޭ، އޭރުން އެމީހަކަށް އަހަރުމެންގެ ކަންކަން ބަލާކަށް ފުރުޞަތެއްނުލިބޭނެ… ދެން އަހަންނަށް ނުގުޅާތި، ކަންތައްތައް ހަމައަކަށް އެޅޭހާ ދުވަހުން އަހަރެން ސޮފޫއަށް ގުޅާނަން، އަޑުއިވިއްޖެތަ؟” ކުއްލިއަކަށް އަދީބު ހަރުކަށިގޮތް ދައްކާލިއެވެ.

“އަދީބު ތިހެން ތި ހަދަނީ އެ ވީޑިއޯގައި އަދީބުގެ މޫނު އަރާފައި ނެތީމަތަ، އަދީބު އަހަރެންދެކެ ލޯތްބެއްނުވޭ ދޯ، އަހަރެން ޔޫސްކޮށްލީ ދޯ… ޖަވާބު ދީބަލަ… އެހެންވެތަ…” ރޮއެރޮއެފައި ސޮފޫރާ ދައްކަމުންދިޔަ ވާހަކަ އަޑުއެހުމެއްނެތި އަދީބު ފޯނު ކަނޑާލިއެވެ. އެއާއެކު ބާލީހުގައި މޫނު ފޮރުވާލަމުން ނިކަން ބާރަށް ސޮފޫރާއަށް ރޮއެގަނެވުނެވެ.

ބާލީހުގައި މޫނުފޮރުވާލައިގެން ސޮފޫރާ ރޯން އޮންނަތާ ގިނައިރެއްނުވަނީސް ނުދަންނަ ނަންބަރަކުން އޭނާއަށް ގުޅަން ފެށިއެވެ. ދެފަހަރު ގުޅުމުން ވެސް ސޮފޫރާ ފޯނެއް ނުނެގިއެވެ. އަދި ތިންވަނަ ފަހަރަށް ގުޅުމުން ކޯލު ކަނޑާލިއެވެ. އެއާއެކު ދެން އައީ މެސެޖެކެވެ. ފޯނު ނެގުމަށް ބުނެ ފޮނުވާފައިވަނީ އިންޒާރުގެ މެސެޖެކެވެ. އޭގެ އިތުރުން އެ މެސެޖުގައި ހުރި ވާހަކަތަކުން ސޮފޫރާ ޖެހިލުންވިއެވެ. މެސެޖު އައީ އޭނާ އާއި އަދީބުގެ ވީޑިއޯ ހަދައިގެން އުޅޭ މީހާގެ ފަރާތުންކަން ސޮފޫރާއަށް އެނގުނެވެ. އެ ނަންބަރުން ގުޅުމުން ފޯނު ނުނަގާ އޮންނާކަށް ސޮފޫރާއަކަށް ނުކެރުނެވެ.

“ހެލޯ، ކީއްވެ އަނގައިން ނުބުނެ ތިހުންނަނީ، މި ގުޅާލީ ތި އަޑު ވަރަށް އަހާލާ ހިތުން” ކަންފަތުގައި ފޯނު ޖައްސާލައިގެން އޮތް ސޮފޫރާއަށް އިވުނީ ފިރިހެނެއްގެ އަޑެވެ. މީގެ ކުރިން އިވިފައިނުވާތީ އެއީ ކާކުގެ އަޑެއްކަން ދެނެގަންނާކަށް އޭނާއަކަށް ނޭނގުނެވެ.

“ވާހަކަނުދައްކާ ހުއްޓަސް އަހަރެން ފޯނު ކަނޑައެއްނުލާނަން، ސޮފޫ… ސޮފޫރާ ދޯ ކިޔަނީ، ތީ ހާދަ މޮޅުކުއްޖެކޭ، އަހަންނާއެކު އެއްރޭ އެގެއަށް ވަންނަންވީނު، އަހަންނަށް ސޮފޫ ވަރަށް ކަމުދޭ” ސޮފޫރާއަށް ނޭނގުނަސް އޭނާއާ ފޯނުން ވާހަކަދެއްކީ މުރާދެވެ. އޭރު މުރާދުގެ ކައިރީ ބުޝްރީ އާއި އަދީބު ވެސް ތިއްބެވެ. އެމީހުންނަށް ވެސް ހުރިހާ އަޑެއް އިވެމުންދިޔައެވެ.

“ތީކާކު؟ އަހަރެން ނޫން އަންހެންކުއްޖަކު މިރަށުން ނުފެނުނީތަ ކަލޭ ތިކަހަލަ ކަމެއްކުރަން، އަހަރެން މިއުޅެނީ ވަރަށް އަވަހަށް ކައިވެނިކުރަން، އަހަރެންގެ ބައްޕައަކީ ކާކުކަން އެނގިއްޖެއްޔާ ކަލޭ ތިކަހަލަ ކަމެއްނުކުރާނެ” ކުރެހިފައިވާ އަޑަކުން ޖެހިލުންވެ ހުރެ ސޮފޫރާ ބުނެލިއެވެ.

“ޙައިދަރު ދޯ ބައްޕައަކީ… އޭނާއަށް ވެސް ސީޑީއެއް ފޮނުވާލަ ދޭންވީތަ؟ ނޫނީ އަހަންނާ ބައްދަލުކުރާނީތަ؟ ގޮތެއް ނިންމާނީ ސޮފޫ، އަހަރެން މާދަމާ ރޭގެ އަށެއްޖަހާއިރަށް އިންތިޒާރުކުރާނަން، ނުވައެއް ޖަހަންވާއިރަށް ނުފެނިއްޖެއްޔާ ތިހިސާބުގެ ކޮންމެ ގެއަކަށް ސީޑީގެ ކޮޕީއެއް ދާނެ، އެވަރުން އަދި އަހަރެން ހުއްޓާލާނެކަމަށް ހީނުކުރާތި، އިންޓަނެޓަށް ވެސް ލާނަން… އޭރުން ހުންނާނީ ފަޅު ގޭގެއަށް ރަނގަޅަށް ވަދެވިފައި” މުރާދު ބިރުދައްކާލިއެވެ.

“އަހަންނަށް ކޮން ޔަގީންކަމެއް އޮތީ ކަލޭ ތި ވީޑިއޯ އާންމު ނުކުރާނެކަމުގެ، އެހެންވީމަ ކަލޭ ކައިރިއަށް ދިއުމަށްވުރެ ބަދުނާމުވުން ވެސް މާރަނގަޅެއްނު” ސޮފޫރާގެ ހިތްވަރު އެލުނެއްކަމަކު އެކަން އަޑުން ނުދައްކާ ވޭތޯ އޭނާ ބެލިއެވެ.

“އަހަރެން މިބުނާ ބަހަށް އިތުބާރުކުރުން ނޫންގޮތެއް ސޮފޫއަކަށްނެތް، ކަންތައްވީމަ ދެން އެނގޭނީ ވީޑިއޯ އާންމުވިޔަސް ނުވިޔަސް، އަހަރެން ބުނާގޮތަށް ކަންތައް ކޮށްފިއްޔާ އަހަރެން ބޭނުމެއްނޫން އެ ވީޑިއޯ އާންމުކޮށް ސޮފޫ ބަދުނާމު ކުރާކަށް، ޖަސްޓް ގިވް މީ އަ ޗާންސް” މަސްތީގޮތެއް އަޑަށް ގެންނަމުން އެންމެ ފަހު ޖުމްލަ މުރާދު ބުނެލިއެވެ. އަދި ފޯނު ކޯލު ކަނޑާލިއެވެ.

ކަންފަތުގައި ޖައްސާލައިގެން އިން ފޯނަށް ސޮފޫރާ ބަލާލާފައި މޫނު ހަދާލަމުން އެނދުމައްޗަށް ފޯނު އެއްލާލިއެވެ. އެއާއެކު އަނެއްކާ ވެސް އެނދުމައްޗަށް ވެއްޓިގަތެވެ. ދެރަވެގެން ގޮސް ރޯން ބޭނުންވި ނަމަވެސް މިފަހަރު ސޮފޫރާގެ ގާތަށް އައީ ރުޅިއެވެ. އޭނާއަށް ކުރެވުނީ ކުށެއްކަން ސޮފޫރާއަށް މިހާރު ޤަބޫލުކުރެވެއެވެ. އެހެންވިޔަސް އޭނާ ދުށްގޮތުގައި އެކަމުގައި އިހުމާލުވަނީ ހަމައެކަނި އޭނާ އެކަންޏެއްނޫނެވެ. އަދީބު އެހާވަރަށް ބާރުނޭޅިނަމަ އޭނާއަށް އެ ނުބައިކަންތައް ކުރާކަށް ނުކެރުނީހެވެ. ނަމަވެސް މިއަދު އެ ނުބައިކަންތައް ސޮފޫރާއަށް ވަނީ ކުރެވިފައެވެ. އެވަގުތުތައް އަނބުރާއައުމެއްނުވެއެވެ. ދެކޮޅު ހަދާ ފުރަގަސްދޭނީ ވެސް އެހެންނަމަތާއެވެ. ކުރެވުނުކަމެއް ކުރެވުނީއެވެ. އެކަމާމެދު ސޮފޫރާއަށް ވިސްނޭއިރު އަދީބު ދެރަވާހެނެއް އޭނާއަކަށް ހިޔެއްނުވެއެވެ. އަދީބުގެ ފަރާތުން އެހީތެރިކަން ލިބޭނޭކަމަށް ކުރި އުންމީދު ވެސް މިއަދުވަނީ ގެއްލިފައެވެ. ކަމެއް ދިމާވުމުން އޭނާ އެބެލީ އަވަހަށް އޭނާގެ ސަލާމަތް ހޯދޭތޯއެވެ. ބަދުނާމުވާން ސޮފޫރާ ދޫކޮށްލާފައެވެ. މި ހުރިހާ ދުވަހު އަދީބު ބުނަމުން އައީ އޭނާ ސޮފޫރާދެކެ އިންތިހާއަށް ލޯބިވާކަމުގައެވެ. ނަމަވެސް މިއަދު އެ ލޯބި ފެންނާކަށްނެތެވެ. ސޮފޫރާ އާދޭސްކުރުމުން ވެސް އަދީބުގެ ހިތަށް އެއްޗެއް ނޭރިއެވެ. ފޯނުން ގުޅައިގެން ސޮފޫރާގެ ފަރާތުން ނާޖާއިސް ފައިދާތަކެއް ނަގަން ބޭނުންވާ މީހާއަށްވުރެ މިއަދު އަދީބުގެ ސަބަބުން ސޮފޫރާއަށް ލިބިފައިވާ ނުތަނަވަސްކަމާއި ހިތްދަތިކަން އިތުރުވެފައިވެއެވެ. އޭނާގެ ސަބަބުން މައިންބަފައިން ގަންނާނޭ ލަދާއި އެމީހުންގެ ނަން ހަޑިވެ އަބުރު ހިރަފުހަށްވެ ބުރައިގެން ދާތަން ދެކޭކަށް ޔަގީނުންވެސް ސޮފޫރާއަކަށް ކެތެއްނުވާނެއެވެ. ހަދާނޭގޮތެއްނޭނގި ކޮޓަރީގެ ހަތަރު ފާރުގެ ތެރޭ ބަންދުވެގެން އޭނާ އޮންނަން ނިންމީ އެހެންވެއެވެ. ފިކުރުކޮށްކޮށް ސިކުނޑީގެ ނާރުތައް ފަޅައިގެންދާވަރު ވެއްޖެއެވެ. ނަމަވެސް އޭނާއަށް ހިތްހަމަޖެހުން ލިބޭނޭ ކޮޅެއް ނުފެނުނެވެ. ހިތާއި ސިކުނޑިއަށް ބަރުވާވަރަކަށް ހަމައެކެނި ކުރެވޭ ކަމަކީ ދެލޮލުން ކަރުނަ އޮހުރުމެވެ. ރޯލުމުން ހިތާއި ނަފުސަށް ހަމަޖެހުން ލިބޭކަމުގައި ވިޔަސް މިފަހަރު ސޮފޫރާއަށް ލިބުނު ފިނިކަމެއްނެތެވެ.

“ސޮފޫރާ! ސޮފޫރާ! ދޮރުހުޅުވަބަލަ…. އޭރު ގޮވީމާ ވެސް ނަމާދުނުކޮށް ނިދީތަ” ރޭގަނޑުގެ ކެއުމުގައި ސޮފޫރާ ބައިވެރިނުވުމުން އާތިޤާ އައިސް އެ ކޮޓަރީގައި ޓަކިޖަހަން ފެށިއެވެ.

އެނދުގައި އޮތް ސޮފޫރާ އޭނާގެ ދެލޯ ރަނގަޅަށް ފުހެލުމާއިއެކު މަޑުމަޑުން އައިސް ދޮރުހުޅުވާލީ އޭނާގެ މޫނު އެއްކޮށް ނުފެންނަ ވަރަށެވެ. އާތިޤާއަށް ސޮފޫރާ ފެނުމާއިއެކު އެއްޗެހި ކިޔައިގަތެވެ. ސޮފޫރާގެ ދެލޯ ރަތްވެފައި ހުރިތަން ފެނި އާތިޤާއަށް ހީވީ ސޮފޫރާ އެ އައީ ނިދާފައި އޮވެފައި ކަމުގައެވެ. ކޮޓަރިތެރެއަށް ވެސް ވެރިވެފައި އޮތީ ނިދާބޮކީގެ އައްޔެވެ.

“ކޮންހާ ނިންޖެއްތަ މިގަޑީގައި ތި ނިދަނީ، އިޝާ ނަމާދުކޮށްގެން އާދޭ ކާން، މިހާރު އެންމެން ކައިގެން ފައިބައިފި، އަވަސްކުރާތި، އަހަރެން މިހިރީ ބަދިގޭގައި” ފަތިފައްޗަށް ކަންކުރަންވީގޮތް އަމުނާލާފައި ޢާތިޤާ ހިނގައިގަތީ އައިކޮޅަށެވެ.

ކައިނިމިފައި ހުރި ތަށިތައް ދޮވުމަށްފަހު މޭޒުމަތި ސާފުކުރަން އާތިޤާ އުޅުނެވެ. ގިނައިރެއްނުވެ މަޑުމަޑުން އައިސް ކާމޭޒު ކައިރީ އިށީން ސޮފޫރާ، އާތިޤާގެ ލޮލުގައި އަޅައިގަތެވެ. އެއާއެކު ތަށްޓެއް ގެނެސް ސޮފޫރާގެ ކުރިމަތީ ބަހައްޓަމުން ބަތްއަޅާފައި ހުރި ބޮޑުތަށި ވެސް އޭނާއާ ކައިރިކޮށްލަދިނެވެ. އެއަށްފަހު މޭޒުމަތީ ހުރި ފެންފުޅިއަކުން ސޮފޫރާއަށް ފެންތަށްޓެއް ވެސް އަޅައިދީފިއެވެ. އާތިޤާ ވެސް ކާމޭޒު ކައިރީ އިށީނދެ ކާންތައްޔާރުވެލީ ދެނެވެ. އޭނާ ހުރީ ދަރިފުޅާއެކު ކާންވެގެންނެވެ.

“ސޮފޫރާ، ބަލީތަ؟ ކިހިނެއްވެފައި ތިއިންނަނީ؟ ނޫނީ އަދިވެސް ނިދިބަރުކައިފައިތަ ތިއިނީ” ސޮފޫރާ މާ މަޑުމަޑުން އިންނަތަން ފެނުމުން އާތިޤާ އަހާލިއެވެ. ސޮފޫރާ ތަށްޓަށްވެސް އެޅި އެންމެ ބަތް ސަމްސަލެކެވެ. އެއީ އޭނާ ދުވަހަކު ވެސް ކާން އެޅިވަރެއްނޫނެވެ. ސޮފޫރާއަށް ކޮންމެވެސް ކަމެއްވެއްޖޭ އާތިޤެ ހިތްބުނީ އެހެންވެއެވެ.

“ކަމެއްނުވޭ” ސޮފޫރާ މަޑުމަޑުން ބުނެލިއެވެ. މަންމައާ ހަތަރު ހަމަކޮށްލާނޭހާ ހިތްވަރު ވެސް މިފަހަރު ސޮފޫރާގެ ނެތެވެ. ކާހިތްނުވެފައި އިނދެ އޭނާ އެޅި މަޑު ބަތްކޮޅު ހާވަމުން އޭގެން ބަތްފުއްފުއް ހޮވަމުން ކަހަލަ ގޮތަކަށް ކަމުންދިޔައެވެ.

“ޝިޔާނާގެ ހާލު ކިހިނެއްތަ؟ އޭނާ ގާތަށް ގޮސްފައި ތިއައީ ބަލިގަނޑު ހިފައިގެން ދޯ، ނަސީބެންނު އުޒެއިރު ނުފޮނުވުނުކަން، އަހަންނަށް ޔަގީނޭ ސޮފޫރާ ތިއުޅޭ ފާޑުން ވެސް ކޮންމެވެސް ބަލިގަނޑެއް ލައިގަނެގެންކަން ތިއުޅެނީ، ދައްކަބަލަ” މޭޒުގެ އަނެއްފަރާތުގައި ސޮފޫރާއާ ކުރިމަތިވާގޮތަށް އިން އާތިޤާ އަތްދިއްކޮށްލީ ސޮފޫރާގެ ނިތްކުރީގައި އަތްޖައްސާލާށެވެ. އެކަން އެނގިގެން ސޮފޫރާ ކުރިއަށް ޖެހިލާ އޭނާގެ ބޯ ކުރިއަށް ނެރެލީ އާތިޤާގެ އަތްޖެހޭނޭ ހިސާބަށެވެ.

“އަހަރެން ބައްޔެއްނޫނޭ މަންމާ، މިގަޑީގައި ނިދުނީމާ ކުޑަކޮށް ބޮލުގައި ރިއްސަނީ” އާތިޤާ އިތުރަށް ކަންބޮޑުވެ ސުވާލު ގިނަކޮށްފާނޭތީ ސޮފޫރާ ދޮގެއްހަދާލަމުން އޭނާގެ މަންމަ ރުއްސާލިއެވެ.

ކުޑަކޮށް ހިނިތުންވެލައިގެން އިން ލުތުފީ ދުފާތަބަކުން ދެތިން ފޯއްފޮތި ނަގާ އަނގަޔަށްލިއެވެ. އަދި ކައިރީގައި އިން އުޒައިރަށް ވެސް ފޯއްފޮއްޗެއް ދިއްކޮށްލިއެވެ. އޭނާ ދަރިފުޅާ ވާހަކަދައްކާވަރާ ބަލާފައި އުޒައިރު ފަރާތުން ޖަވާބެއް ލިބެނީ ވަރަށް މަދު ފަހަރެއްގައެވެ. އެހެންވިޔަސް އުޒައިރުގެ މިޒާޖަށް ހެޔި ބަދަލެއް އަތުވެއްޖެކަން އޭނާއަށް ވެސް ފާހަގަކުރެވެއެވެ. ޙައިދަރުގެ ޢާއިލާއަކީ މަދުމީހުން ކޮޅެއް އުޅޭ ޢާއިލާއަކަށް ވިޔަސް އެމީހުންގެ ގާތަށް އާދެވުނީތީ ލުތުފީ ވަރަށް ބޮޑަށް ހިތްހަމަޖެހެއެވެ. ޚާއްޞަކޮށް ޙައިދަރަކީ އޭނާއަށް ވަރަށް ކަމުދާ މިޒާޖެއްގެ މީހަކަށް ވެގެން ހިނގައްޖެއެވެ. އޭގެ އިތުރުން އޭނާއަށް އެގޭތެރެއިން އެހެން ކަމެއް ވެސް ފާހަގަކުރެވެން ވަނީ ފަށާފައެވެ. ޙައިދަރަށްވުރެ ވެސް ގާތްކޮށް އާތިޤާއާ މެދު ދެކެވެންވީ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. ބައެއްފަހަރު އޭނާގެ ޟަމީރު އެއްބަސްވާގޮތުގައި އެއީ އުޒައިރު، އާތިޤާއާއެކު އުޅޭލެއް ގާތްކަމުން އުފެދޭ އިހުސާސެއްކަމުގައި ހީކުރެވެއެވެ. ނާޝިދާ އޭނާއާ ވަކިވެގެން ދިޔަ ފަހުން އަންހެނަކާމެދު ވިސްނާލަން ލުތުފީ ވަގުތު ހޭދަކުރި މީ ފުރަތަމަ ފަހަރެވެ. އެއްގޮތަކަށް ވެސް އޭނާއަށް އާތިޤާ ފަރާތުން އޭނާ ނުރުހޭ ސިފައެއް ފާހަގައެއް ނުވިއެވެ. ކުދިން ދެކެ ވާ ލޯތްބާއި، ބަހައްޓާ ގާތް ކަމާއި ހިތްހެޔޮ މިޒާޖަކީ ލުތުފީއަށް އާތިޤާއާމެދު ވިސްނަން މަޖުބޫރުކުރާ ކަންކަމުގައި ވެއްޖެއެވެ. ނަމަވެސް އޭނާގެ އިހުސާސްތައް ހައްދުފަހަނައަޅައި ހިނގައިދާނޭތީ ބިރުގަނެވެ. ޙައިދަރުގެ އެކުވެރިކަމަށް ލޮޅުމެއް އަރާފާނޭތީ ވެސް ކަންބޮޑުވެއެވެ. ކޮންމެ ގޮތެއްވިޔަސް އާތިޤާއަކީ ޙައިދަރުގެ އެއްބަނޑު އެއްބަފާ ކޮއްކޮކަން އަދި އެ ކޮއްކޮ ދެކެ ޙައިދަރު ނުހަނު ލޯބިވާކަން އެނގެއެވެ. ވީއިރު ރަށަށް އަރާ ބީރަށްޓެއްސަކަށް ޙައިދަރުގެ ކޮއްކޮއާ ގުޅުމުގެ ފުރުޞަތު ދޭނަކަމާއިމެދު ލުތުފީއަށް ޝައްކެވެ.

“ނިދަން ދަމާ” ލުތުފީ އޭނާއާ ޖެހިގެން އިން އުޒެއިރަށް ބަލާލާފައި ބުނެލިއެވެ.

“ލުތުފީ އިނދޭ، އަހަރެން އެ ސޮރު ބާއްވަން ހިނގައިދާނަން” ސޮފޫރާ އާއިއެކު ސިޓިން ރޫމަށް އައި އާތިޤާގެ އަޑުއިވުނެވެ. ހިނިތުންވެލުން ފިޔަވާ ލުތުފީއަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. އޭނާގެ ދަރިފުޅު އޭނާއަށްވުރެ ދުރުހިލޭ މީހަކާއެއްކޮށް ދާން ވެސް މާ ރުހެއެވެ. އެހެންވިޔަސް އެކަމުން ލުތުފީގެ ހިތަކަށް ތަދެއްނުވިއެވެ.

“ދުޢާ ނުކިޔައި ނިދާތީއޭ ބިރުވެރި ހުވަފެން ފެންނަނީ، އެހެންވެ އުޒައިރުއަށް ނުނިދެނީ، ދުޢާ ކީމަ ކިހާ ފަސޭހަ ނިދަން” އާތިޤާ، އުޒައިރުގެ ކޮނޑުގައި ހިފާ ގާތްކޮށްލައިގެން ހުރެ އުޒައިރު ނިދާ ކޮޓަރިއަށް ވަންނަން އައެވެ.

“ޙައިދަރު، ވާހަކައެއް އަހާލަންތަ؟” ލުތުފީގެ އަޑަށް ބަދަލު އައިކަން ޙައިދަރަށް ވެސް ނަގައިގަނެވުނެވެ. އެއާއެކު އޭނާ އަހަން އެއުޅެނީ ވަރަށް ބޮޑުވާހަކައެއްހެން ޙައިދަރަށް ވެސް ހީވިއެވެ. އޭނާ މަޑުމަޑުން “ހޫން”ލައްވާލަމުން ބޯޖަހާލިއެވެ.

“އާތިޤާގެ ފިރިމީހާ މަރުވީ ކީއްވެ؟” ލުތުފީއަށް ނާހާ ކެތްނުވެގެން އެންމެފަހުން އެ ސުވާލުކުރިއެވެ.

“ތީގަ އަހަރެން ކީކޭ ބުނާނީ، އަހަންނަކީ ޑޮކްޓަރެއްނޫން، އެހެންވީމަ ވީހުރިހާ ގޮތެއް އަހަންނަކަށް ވެސް ނޭނގޭނެ، އޭނާ ރިސޯޓުގައި ހުއްޓާ ކުއްލިއަކަށް ވެއްޓުނީ، ދެން މާލެ ގެންދިޔައީ، އަހަރެން ވެސް އާތިޤާ ގޮވައިގެން އަވަހަށް މާލެ ދިޔައީ، އޭރު އަހަރެންގެ އަންހެނުން ވެސް އިނީ ވިހަން ގާތްވެފައި، އޭނާ ގޮވައިގެން ދަތުރު ކުރުމުގެ ހުއްދައެއް އޭރު ނެތް، ހާސްވެފައި ހުރެ އޭނާ މިކޮޅުގައި ބަހައްޓާފައި އާތިޤާ ގޮވައިގެން މާލެ އެރުނީ ކިރިޔާ، އޭނާގެ ފުރާނަ ވަކިވެގެން ހިނގައްޖެ… އަހަރުމެންނަށް ހޮސްޕިޓަލަށް ވަދެވުނުކަން، ޑޮކްޓަރަށް ވެސް ވީގޮތެއް ނޭނގޭ، ބުނަނީ ގުދުރަތީ މަރަކުން މަރުވީއޭ، އަހަރެންގެ އަންހެނުން ވެސް ހަމަ އެހެން، ބައްޔެއްވީކީ ނޫން، ދަރިފުޅު ވިހެއުމާއިއެކު އޭނާގެ ވަގުތު ހަމަވީ، މަރަކީ ކޮންވަގުތަކު އިންސާނާއާ ކުރިމަތިވާނެ އެއްޗެއްކަމެއް ނޭނގޭނެތާ ދޯ… އަބަދުވެސް މިތިބެންޖެހެނީ އެއަށް ތައްޔާރުވެ” އެ ހަނދާންތައް ކިޔާދޭއިރު އަދިވެސް ޙައިދަރުގެ އަޑުގައި މަޑުމޮޅިކަމެއް ހުރެއެވެ.

“އާން! ތީ ވެސް ތެދެއް، ޙައިދަރު، އާތިޤާ މީހަކާ އިންނާކަށް ޙައިދަރު ޚިޔާލެއް ނުދެންތަ؟” މިހެން އަހާލި އިރު ލުތުފީގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. ޙައިދަރު އޭނާގެ ސުވާލުން ނުބައި މާނައެއް ނަގާފާނޭ ހީވެގެންނެވެ.

“އަހަރެން އާތިޤާއާ އެކަހަލަ ވާހަކައެއް ނުދައްކަން، އޭނާ މީހަކާ އިންނަންވީމާ އެނގޭނީ ހަމަ އޭނާއަށް، އޭގައި އަހަރެންގެ ޚިޔާލެއް އޭނާއަކަށް ބޭނުމެއްނުވާނެއެއްނު” ކުޑަކޮށް ހީނލާފައި ޙައިދަރު ބުނެލިއެވެ.

ހިތުގައި ފާޅުކުރަން ބޭނުންވެފައި ހުރި އެތަށް ޝުޢޫރެއް ހުއްޓެއްކަމަކު ދުލާ ހަމައަށް އެކަންކަން ގެނައުން ފަސޭހަކަމަކަށް ލުތުފީއަކަށްނުވިއެވެ. އެހެންވެ ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ. އެމީހުންގެ ވާހަކައިގައި އާތިޤާ ވެސް އައިސް ބައިވެރިވިއެވެ.

* * * *

ވަގުތު ކުޑަތަންވަމުން އަންނަވަރަކަށް ހަމަޖެހެން މަސައްކަތްކުރި އިޒުވާނަށް އެކަމެއް ނުވިއެވެ. ލޯގަނޑު ކުރިމަތީ ހުރެ އެތަށް ފަހަރަކު ލައިގެން ހުރި ކާކީ ކުލައިގެ ވެސްޓަށް އޭނާ ދަމާލިއެވެ. އޭރު އޭނާގެ ވަށައިގެން ދެ ފަރާތުގެ ޢާއިލާގައި ތިބި ހުރިހާ ފިރިހެނުންނެއްހެން އުޅުނެވެ. އެރެއަށް ޚާއްޞަކޮށްގެން ޝެރީލްގެ ބޭބެއެއްގެ ފަރާތުން ލިބުނު އަގުބޮޑު އަތުކުރީ ގަޑިއަށް އިޒުވާނު ބަލާލީ ވަގުތުޖެހިއްޖެކަމުގައި ރުހައިލު އައިސް ބުނެލުމުންނެވެ. އެއާއެކު އެންމެ ފުރަތަމަ ވެސް ހަފްލާ ބާއްވާފައި އޮތް ތަނަށް އައީ އިޒްވާނާއި ޝެރީލްގެ މައިންބަފައިންނެވެ. އިޒުވާނު ގޮވައިގެން އެތަނަށް އައުމުގައި އިސްކޮށް އުޅުނީ ޝެރީލްގެ ބޭބެމެންނެވެ. އިޒުވާނު ވެސް އުޅޭގޮތުން ހީވަނީ އޭނާގެ ޢާއިލާ މީހުންނަށްވުރެން ޝެރީލްގެ ޢާއިލާ މީހުން ގާތްހެންނެވެ. އެކަމުގެ ސަބަބުން ރުހައިލާއި ފަޒަލްއަށް އިހުސާސް ކުރެވުނީ އެމީހުން ބާކީވެފައި ތިބި ފަދަ ގޮތަކަށެވެ. އިޒުވާނުގެ ފަހަތުން އުޅުމުގެ ބަދަލުގައި އެ ދެޒުވާނުންގެ މިސްރާބު އެހެން ދިމާލަކަށް ބަދަލުކޮށްލަން ޖެހުނީ ވެސް އެހެންވެއެވެ. ނަމަވެސް ޝާރުދާ އެ ދެކުދިންނަށް ގޮވާލާފައި “އެންގޭޖުމެންޓު”ގެ ހުރިހާ ކަމެއް ނިމެންދެން ޢާއިލާއާއެކު މަޑުކޮށްލުމަށް އެދުނެވެ.

ހަފުލާއަށް ހާޟިރުވެތިބި އެންމެންގެ ދޫތަކުން ވެސް ތަޢުރީފުގެ ބަސްތައް އޮހެމުންދިޔައެވެ. ތަނުގެ ފުރިހަމަކަމުންނެވެ. އެހެންނަމަވެސް ޝާރުދާގެ ހިތުގެ ހަމަޖެހުންނަގާލީ އެންމެ ކަމެކެވެ. އުމުރުން ދުވަސްވެފައި ތިބި ދެތިންމީހެއްގެ ދުލުން ބުނެލި އަޑު އިވުނު ބަސްތަކުންނެވެ. ހަފްލާ ފުރިހަމަވެފައި އުނި އެއްވެސް ކަމެއްނެތްއިރު އެ ހަފްލާއަކީ ރާއްޖޭގެ ސަގާފަތާ އެއްވެސް ގުޅުމެއްނެތް ހަފުލާއެއްކަމެވެ. ބަލާލި ކޮންމެ ދިމާލަކުން ފެނިގެންދަނީ ރާއްޖޭން ބޭރުގެ ކުލަވަރުތަކެވެ. ރަންކިއުމުގެ ހަފުލާ “އެންގޭޖުމެންޓު” ހަފްލާއަށް ބަދަލުވެފައިވަނީ ހުޅަނގުގެ ސަގާފަތުގައި އެކަން ކުރާ ހަމައަށެވެ. އެންމެން ސިއްސުވާލީ ޝެރީލްގެ ޢާއިލާއިން ވާންއުޅޭ ދެމަފިރިންނަށް ދިން ހަދިޔާތައް އަޑުއިވިފައެވެ. މަލީކަށް ވެސް އެކަން އެނގުނީ ހަފުލާގެ ތެރެއިންނެވެ. ޝެރީލްގެ ބައްޕަ ޖޯންގެ ފަރާތުން ހަފްލާގެ ފުރިހަމަކަމަށް ތަޢުރީފު ކުރުމުން މަލީކަށް އޭނާ ބޭނުންވި މަގުސަދު ހާޞިލުވިއެވެ. އެންމެ އުފާވީ އިޒުވާނުގެ މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންފެނިފައެވެ. މެހެނާޒު ހީނހީނފައި ޝެރީލްގެ ޢާއިލާގެ މެންބަރުންނާއިއެކު އުޅޭއިރު ހީވަނީ އޭނާގެ ފަޒަލް ދެވާނޭ ކުއްޖަކު އެ ޢާއިލާގައި ހުރިތީ ބަލަން އުޅޭހެނެވެ. އެ ޢާއިލާގެ ހުރިހާ މެންބަރުންނާ ބައްދަލުކުރަމުން އޭނާ ހިނގިއެވެ. އެތަނުގައި ޝުއައިބު ހުރިކަމެއް އޭނާ ހަނދާންނެތްކަހަލައެވެ. އެކަމާ ޝުއައިބު ވެސް އަޅައެއްނުލިއެވެ. އޭނާ ބެލީ މަލީކު ކަމެއް ބޭނުންވެ ގޮވާލާއިރު އަޑުއިވޭ ހިސާބުގައި ހުންނާށެވެ. އެހެންވެ މަލީކު ނުފެންނަ ހިސާބަށް އޭނާ ދާކަށް ގަސްދެއްނުކުރިއެވެ.

ޝެރީލް އާއި އިޒުވާނުގެ އިނގިލީގައި އަނގޮށްޓި އެޅުވުމާއިއެކު ދެ ޖިންސުގެ ޒުވާނުންގެ މެދުގައި ނެށުމާއި ސަކަރާތުގެ އެކިއެކި ހަރަކާތްތައް ކުރިއަށް ދިޔައެވެ. ގިނައިރެއްނުވެ އެންމެންގެ ލޯކުރިމައްޗަށް އިޒުވާނު ގެއްލުނީ ޝެރީލްގެ ބޭބެމެންނާއިއެކުއެވެ. ދިޔައީ ކޮންތާކަށްކަމެއް ނޭނގި ޝާރުދާ ކަންބޮޑުވާގޮތްވިއެވެ. ނަމަވެސް ޝެރީލްގެ ޢާއިލާއިން އެއީ މައްސަލައެއް ކަމުގައި ނުބެލިއެވެ. އެހެންވެ ހޯދަން ދާކަށް ވެސް ނުކެރުނެވެ. ދަރިފުޅުގެ މައްޗަށް ޝާރުދާގެ ކުޑަވެސް އިތުބާރެއްނެތީއޭ ހީވާ ފަދަ އެއްވެސް ކަމެއް ކުރަން ޝާރުދާ ޖެހިލުންވީއެވެ.

ދެފަރާތް ހޯދާ ބަލާލުމަށްފަހު ޝާރުދާ އައިސް މޭޒެއްގެ ދޮށުގައި އިށީނެވެ. އެއާއެކު ޝެރީލްގެ ޢާއިލާ ބަޔަކު ގޮވައިގެން މެހެނާޒު އައިސް އެ މޭޒުގެ ދޮށުގައި އިށީނދެ ވާހަކަދައްކަންފެށިއެވެ. ޝާރުދާއަށް ލިބިފައިވާ ހާސްކަން ފިލުވާލަން މަޖުބޫރުވީ އެހެންވެއެވެ.

* * * *

ރޭގަނޑުގެ ހަމަހިމޭންކަން ގޭތެރެއަށް ވެރިވެފައި އޮތްއިރު ނިދަން އެނދުގައި އޮތް ލުތުފީގެ ކައިރިއަށް ނިންޖެއްނައެވެ. ނިތުގައި އެއްއަތް ބާއްވާލައިގެން އޮވެފައި އޭނާ ތެދުވެ އެނދުގައި އިށީންނަމުން ބިއްދޮށަށް އެނބުރިއޮތް އުޒައިރަށް ބަލާލިއެވެ. ބާލީހުގައި ބައްދާލައިގެން އެކުއްޖާ އޮތްގޮތް ބަލަން އިރުކޮޅަކު ލުތުފީ އިނެވެ. އަދި އުޒައިރުގެ އުނގަނޑާ ހިސާބަށް ސޮހިފައި އޮތް ރަޖާ ނަގާ ދަރިފުޅުގެ ހަށިގަނޑު ރަނގަޅަށް ނިވާކޮށްލަދީފައި ލުތުފީ ހިނގައިގަތީ ކޮޓަރިން ބޭރަށް ނިކުންނާށެވެ.

ސިޓިން ރޫމު ސޯފާގައި އައިސް އިށީނުމާއިއެކު ލުތުފީ ޓީވީ ހުޅުވާލިއެވެ. ކޮންމެހެން ޓީވީ ބެލުމުގެ ޝައުގުވެރިކަމަކު ނޫނެވެ. އޭނާއަށް އުނދަގޫކުރަނީ ސިކުނޑީގައި އުފެދިގެން އުޅޭ ޚިޔާލުތަކެވެ. އަނެއްކޮޅުން އެ ރަށުގައި މުޅިއުމުރަށް ނުހުރެވޭނެކަން އެނގޭތީއެވެ. ވިޔަފާރީގެ ކަންކަން އުނައިސް ބެލެއްޓިކަމުގައި ވިޔަސް އެ ދަރިފުޅު އުޅޭގޮތް ބެލުމަކީ ލުތުފީގެ ޒިންމާއެކެވެ. މާލެ ދޫކޮށް ރާއްޖެތެރެއަށް އައުމަކީ އުނައިސް ކުރާނެކަމެއްނޫންކަން ވެސް ލުތުފީއަށް އެނގެއެވެ. އެހެންނޫނީ މި ދަތުރުގައި ވެސް އޭނާއާއެކު އުނައިސް ބައިވެރިވީހެވެ.

އާތިޤާއަކީ ނިދިމަޑު އަންހެނެކެވެ. އޭނާއަށް ސިޓިންރޫމު ތެރެއިން ޓީވީގެ އަޑުއިވޭހެން ހީވުމާއިއެކު ލޯ ހުޅުވާލާފައި އަރިމަތީ ކަބަޑުމަތީގައި ހުރި ގަޑިއަށް ބަލާލިއެވެ. ދޭއްޖަހަން އުޅެނީއެވެ. ތެދުވަން ހިތަށް އަރާފައި ވެސް އާތިޤާ ވަރުބަލިކަމާއެކު ދެލޯ މަރާލަމުން ނިދީގެ ތެރެއަށް ގެނބިގެންދާން ބޭނުންވީއެވެ. ނިދެމުންނިދެމުން ދަނިކޮށް ކުއްލިއަށް އޭނާގެ ސިކުނޑިއަށް އައީ ސޮފޫރާގެ ޚިޔާލެވެ. އިރާކޮޅު ނިދާފައި ދަންވަރަށް އެކުއްޖާ ތެދުވެ އުޅެނީކަމުގައެވެ. އެ ޚިޔާލާ ގުޅިގެން ދެން އައީ މާނުބައި ޚިޔާލެކެވެ. ދަންވަރުގެ އެ ވަގުތުގައި ސޮފޫރާ އެގެއަށް މީހަކު ވައްދަފާނެބާއެވެ. ދަރިފުޅަށް ފާރަލައިގެން ހުންނައިރު ވެސް އާތިޤާއަށް ނޭނގި އެކުއްޖާ ކަންތައްގަނޑެއް ކުރާކަން އޭނާއަށް އެނގެއެވެ. އެކަން ހުއްޓުވަން ވެސް އާތިޤާ ބޭނުމެވެ. ކުއްލިއަކަށް ފުންމައިގެން ތެދުވުމާއިއެކު ދެ ލޯ އުނގުޅަމުން ކޮޓަރިން ބޭރަށްނިކުމެގެން އާތިޤާ އައީ ސޮފޫރާއާ ދިމާލަށް އެއްޗެއް ބުނާނަމޭ ހިތުލައިގެންނެވެ.

“ލުތު… ލުތުފީތަ؟” ސޯފާގައި އޮށޯވެލައިގެން އޮތް ލުތުފީ ފެނިފައި އާތިޤާ ހައިރާންވިއެވެ.

“ހޭލެވުނީތަ؟ ޓީވީ ހުޅުވާފައި ހުރީމަ ދޯ… މާފުކުރޭ…” ލުތުފީ ވެސް އަވަސް އަވަހަށް ތެދުވެ ސޯފާގައި އިށީންނަމުން ރިމޯޓުން ޓީވީގެ އަޑުކަނޑާލިއެވެ.

“އަހަރެން ހީކުރީ ސޮފޫރާކަމަށް، ރަނގަޅުވާނެ އަޑުޖައްސާލިޔަސް، އެހާ އަޑުގަދައެއްނޫން” އާތިޤާ މިހެންބުނެ އައިކޮޅަށް އެނބުރުނެވެ. އޭނާއަށް ލިތުފީއާ ހަތަރުކަޅި ހަމަކުރަން އުނދަގޫވީ ލުތުފީގެ މޭމަތި ހާމައަށް ފެންނަން އޮތުމުންނެވެ. ލައިގެން ހުރި ދޫހަރުވާޅުން އޭނާ ވެސް އެ ނިކުތީ ނިދަން އޮވެފައިކަން އާތިޤާއަށް އެނގުނެވެ. މިނޫނީ ލުތުފީ ގަމީހެއް އެއްޗެއް ނުލާ ގޭތެރޭގައި އުޅެނިކޮށް ނުފެނެއެވެ. އޭނާ އެހެން އެ ހުރީ ގަޑީގެ ގޮތުން ކަމުގައި އާތިޤާއަށް ވިސްނާލެވުނީ ދެނެވެ.

“މަޑުކޮށްލެވިދާނެތަ” އަތުގެތެރޭ ޓީވީގެ ރިމޯޓު އަނބުރާލަމުން ލުތުފީ ބުނެލިއެވެ. ދެ ޚިޔާލެއްގައި އިނދެއެވެ. އެއާއެކު އާތިޤާ އައިސް ޖެހިގެން ހުރި ސޯފާގައި އިށީނދެއްޖެއެވެ.

“ކޮފީއެއް ބޭނުމީތަ؟” ލުތުފީ އިނީ ކަމެއް ބޭނުންވެފައި ހެން ހީވެ އާތިޤާ އަހާލިއެވެ.

“ނޫން، ނިދަން ވެސް ބޭނުން، އެކަމަކު މިރޭ އެއްގޮތަކަށް ވެސް ނިދޭގޮތެއްނުވި، އާތިޤާ… އަހަރެން ވާހަކައެއް އަހާލަންތަ؟” ލުތުފީ ސޯފާގައި އިނދެފައި އާތިޤާ އިން ގޮނޑިއާ ކައިރިއަށް މަޑުމަޑުން ޖެހިލިއެވެ.

“ހޫމް…” ހައިރާންވެފައި އިނދެ އާތިޤާ ލުތުފީއަށް ބަލާލިއެވެ. އޭނާއިނީ އިސްޖަހައިގެންނެވެ. އޭރު ވެސް އެއަތުގައި ޓީވީގެ ރިމޯޓު އޮތެވެ.

“ތިހެން އުޅޭއިރު އެކަނިވެރިކަމެއް އިހުސާސެއްނުވޭތަ” ލުތުފީ ބުނީ މާނަފުން ގޮތަކަށެވެ. ނަމަވެސް އާތިޤާއަށް އޭނާ އެބުނީ ކީކޭކަން އެނގޭ ކަމަކަށް ނުހެދިއެވެ.

“އެކަންޏެއްނުވާނެއެއްނު، ދޮންބޭބެއާ ސޮފޫރާ ވެސް އެހުރީނު، އަނެއްކާ އަހަރެންގެ އަރުފީނު ވެސް މާލެ އެ ދިޔައީ އިހަށްދުވަހު، އެހެންނޫނީ އެ މަންޖެ ފަހަތުން އަބަދު ދުވަންޖެހިފައި އޮންނާނީ” އާތިޤާ ހިނިތުންވެލައިގެން އިނދެ ބުނެލިއެވެ.

“ފިރިހެނަކަށް ބޭނުމެއްނުވޭތަ؟ ….ދެވަނަ ކައިވެންޏަކާމެދު އާތިޤާ ނުވިސްނަންތަ” ލުތުފީގެ އަޑުގައި ޖެހިލުންވުން އެކުލެވިފައި ހުއްޓެއްކަމަކު މިފަހަރު އޭނާގެ ހިތުގައި އޮތް އެއްޗެއް ބޭރުކޮށްލީ އާތިޤާ ދޭނެ ޖަވާބެއް އެނގެން ބޭނުންވެ އިނދެއެވެ.

“ލުތުފީ އެކަހަލަ ކަމަކާ ވިސްނަނީތަ؟” ލުތުފީގެ ސުވާލުތަކަށް ޖަވާބުދޭން އާތިޤާ ބޭނުމެއްނުވިއެވެ. ލުތުފީ ކުރި ސުވާލު އޭނާއާ އަމާޒުކޮށްލީ އެހެންވެއެވެ.

“މިރަށަށް އާދެވުނު ފަހުން ވަރަށް ވިސްނޭ އެކަމާ، ރަނގަޅު މީހުންނާ ދިމާވުމީ ވެސް ދިރިއުޅުމުގައި އުންމީދު އާލާކޮށްދޭ ކަމެއް، ކުރިން ހިތަށް އަރައިގެން ހުރީ ނާޝީދާއަށްފަހު ކައިވެންޏެއް ނުކުރާނަމޭ، އެކަމަކު އެ ޚިޔާލު މަޑުމަޑުން މިހާރު ބަދަލުވެއްޖެ، ހިތަށް އަރަނީ ނާޝިދާ ވެސް ބޭނުމެއްނުވާނޭ އަހަރެން މިހެން އެކަނިވެރިކޮށް އުޅޭކަށް، ކީކޭ އާތިޤާ ބުނަނީ” ލުތުފީ އިސްއުފުލާ އާތިޤާއަށް ބަލާލާފައި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

“މި ރަށު ކުއްޖަކާ ދިމާވީތަ؟ މިރަށުގެ ކުދިން ވަރަށް ރަނގަޅުވާނެ، ދެން އެހެންނޫނަސް ތިކަމުގައި އަހަރެންގެ ޚިޔާލަކަށްވުރެ މިހާރު މުހިންމުވާނީ ލުތުފީގެ ކުދިންގެ ޚިޔާލެއްނު” އާތިޤާ ބުނެލިއެވެ.

“ހިޔެއްނުވޭ ކުދިން އަހަރެން ކުރާކަމަކާ އެއްޗެއް ބުނާނެހެން، އުޒައިރު އެކަނިތާ ކުޑައީވެސް، ހީވަނީ އޭނާ ހިތްހަމަޖެހޭނެހެން، އެހެންވެ އެކަމާ މިހާވަރަށް މި ވިސްނެނީ، އަހަރެން ވެސް ބައިވެރިއަކަށް ބޭނުންވޭ” ލުތުފީ މަޑުމަޑުން ބުނެލިއެވެ. އަދި ކުރިއަށްވުރެ އާތިޤާގެ ގޮނޑިއާ ކައިރިވެލިއެވެ. އޭނާ އާތިޤާއަށް ބަލަންއިނުމަށްފަހު އާތިޤާގެ އަތުގައި ހިފިއެވެ. އެހިނދު އާދިޤާ އަތްފޮޅާލަމުން ފުންމައިގެން ތެދުވެ ލުތުފީއާ ދުރަށް ޖެހުނެވެ. ލުތުފީއަށް ވެސް ވީ ހަމަ އެހެނެވެ. ޚިޔާލުތަކުގެ ތެރެއަށް ގެއްލި އިނދެ އޭނާއަށް އާތިޤާގެ އަތުގައި ހިފުނީ ގަސްދުގައެއްނޫނެވެ.

“ލުތުފީ…” ވައިއަޑުން ބުނި ނަމަވެސް އާތިޤާއަށް ބުނެވުނީ އަޑަށް ނިކަން ބާރުލާފައެވެ.

“މާފުކުރޭ… އެއީ… އެއީ އަހަރެން ގަސްދުގަ ކުރިކަމެއްނޫން، އާތިޤާ… އިހަށް މަޑުކޮށްބަލަ، އަހަރެން ދައްކާ ވާހަކަ އަޑުއަހާލާފަ ދާންވީނު” ލުތުފީއަށް ދެލޯ ބޮޑުކޮށްގެން ބަލަންހުރެފައި އާތިޤާ އެނބުރި ދާން އުޅުމުން ލުތުފީ އޭނާ ހުއްޓުވިއެވެ.

“ކޮންވާހަކައެއް؟” ހާސްކަންވެރިވެފައި ހުރި އާތިޤާ އިތުރަށް ދުރަށް ޖެހިލަމުން އަހާލެވުނެވެ.

“އާތިޤާ… އާތިޤާ އަހަންނާއެކު މާލެ ދާންވީނު” ލުތުފީ ވެސް ހުރީ ހާސްވެފައެވެ. އެހެންނަމަވެސް އޭނައަށް ވިސްނުނު ގޮތުގައި ޙައިދަރުގެ ގާތުގައި ވާހަކަދެއްކުމަށްވުރެ އޭނާ ބޭނުންވާ ގޮތް އާތިޤާގެ ގާތުގައި ހާމަކުރުން އެއީ އެންމެ ބުއްދިވެރިގޮތެވެ. އޭގެ އިތުރުން އާތިޤާ ދޭ ޖަވާބެއް އޭނާއަށް ޔަގީންވާނީ ވެސް އެގޮތުންނެވެ.

“ލުތުފީއާ އެއްކޮށް އަހަރެން މާލެ ދަނީ ކީއްކުރަން، ބުނަންތަ ލުތުފީ ވާހަކައެއް، އަހަންނަކީ މާލޭން މީހަކު އަންނައިރަށް އޭނާގެ އުނގަށްވަދެ އިންނާނެކަހަލަ އަންހެނެއްނޫން، ތީ މިގެއަށް އައިސް ހުރި ދޮންބޭބެގެ މެހެމާނެއް، އަހަރެން ލުތުފީއަށް ކުރާ ޤަދަރު ކުޑަވިޔަ ނުދީ، އަހަރެން ބޭނުމެއްނޫން ލުތުފީއަށް ނަފުރަތުކުރާކަށް، މިހާތަނަށް ވެސް އަހަންނަށް ލުތުފީގެ ފަރާތުން ފެނުނީ މާތް އަޚުލާގެއް، ސިފަކުރެވުނީ ޒިންމާދާރު ރަނގަޅު މީހެއްގެ ގޮތުގައި، ދަރިންދެކެ އިންތިހާއަށް ލޯބިވާ ބަފައެއްގެ ގޮތުގައި، އެ ހުރިހާ ރަނގަޅު ސިފަތައް މަދު ހިނދުކޮޅެއްގެ ތެރޭ ގެއްލިގެންދާކަށް އަހަރެން ބޭނުމެއްނޫން” ކަންބޮޑުވެފައި ހުރި ގޮތަކަށް އެއްއަތް އަނެއްއަތުގެތެރެއަށްލާ ބާރުކުރަމުން އާތިޤާ ވާހަކަދެއްކިއެވެ.

“އާތިޤާއަށް ތި ސިފަކުރެވުނު ލުތުފީ ދުވަހަކު ވެސް ބަދަލެއްނުވާނެ، އަހަރެން މިއުޅެނީ އާތިޤާ ފަރާތުން ގަދަކަމުން ކަމެއްކުރުވާކަށްނޫން، އެކަމަކު އަހަރެން ފުރައިގެން ދިއުމުގެ ކުރިން އަހަރެން ބޭނުންވަނީ އާތިޤާއަށް އަހަރެންގެ ހިތުގައި އޮތް އެއްޗެއް އެނގެން، އަހަންނަށް ޙައިދަރު ވަރަށް ރަނގަޅު، އެކުގައި ވަގުތު ހޭދަ ކުރެވުމުން މީހުންގެ ގޮތް އެނގޭނެ، އެގޮތަށް އާތިޤާއަކީ ކާކުކަން ވެސް އަހަރެންގެ ޟަމީރުވަނީ ދެނެގެންފައި، ޙައިދަރުގެ ގާތުގައި އަހަރެންގެ ހިތުގެ އެދުން ހާމަކުރުމުގެ ކުރިން އަހަރެން ބޭނުންވީ އާތިޤާ ބުނާ އެއްޗެއް އެނގެން، އާތިޤާ… އަހަންނާއެކު މާލެ ދިއުމޭ މިބުނަނީ، އަހަންނާ ކައިވެނި ކުރާނަންތޯ، އަހަރެން އާތިޤާ އާއި ސޮފޫރާ ބަލައިގަންނަން މިހިރީ ތައްޔާރަށް” ކުރިއަށް ފިޔަވަޅެއް އަޅަން ވެސް ޖެހިލުންވެފައި ހުރެ ލުތުފީ ވާހަކަދެއްކީ އާތިޤާއާ އޭނާގެ ނަޒަރު އެންމެ ހިނދުކޮޅަކަށް ވެސް ވަކިކޮށްނުލާ ހުރެއެވެ.

“ލުތުފީ ކޮންކަހަލަ ވާހަކައެއްތަ ތި ދައްކަނީ؟ އަހަންނަށް… އަހަންނަކަށް ނޭނގޭ ތިއަށް ދޭނެ ޖަވާބެއް، އަހަރެން ކުޑަކޮށް ވެސް ނުވިސްނަން އިތުރު ކައިވެންޏެއް ކުރާކަށް، ދޮންބޭބެ ދުނިޔޭގައި ހުރިހާ ދުވަހަކު އަހަންނާ އަހަރެންގެ ދަރިފުޅު ބަލައިދޭނެކަން އެނގޭ…”

“އަހަރެން ނުބުނަމޭ ޙައިދަރު، ތިޔައިގެ ދެމައިން ނުބަލާނެއެކޭ…. އަހަރެން މި އެދެނީ އަހަރެންގެ ބައިވެރިއަކަށް ޢާތިޤާ ވެދާނަންތޯ” އާތިޤާގެ ވާހަކަ މެދުކަނޑާލަމުން ލުތުފީ ބުންޏެވެ.

‘ދެންހެޔޮ…. ދެންހެޔޮ ލުތުފީ، އިތުރު އެއްވެސް ވާހަކައެއް އަޑުއަހާކަށް އަހަރެން ބޭނުމެއްނޫން” ޢާތިޤާ މަޑުކުރުމެއްނެތި ކޮޓަރިއާ ދިމާލަށް ދުއްވައިގަތެވެ. އެދިމާލަށް ބަލަހައްޓައިގެން ހުރި ލުތުފީ އޭނާގެ ބޮލުގައި އަތްހާކާލީ މާޔޫސްވެގެންނެވެ. އަދި ނިތްކުރީގައި ހިފަހައްޓާލައިގެން ހުރެ ސޯފާގައި އިށީނދެ ދެފަރާތަށް ބޯހޫރަންފެށިއެވެ.

“އަހަންނަށް ކަންތައްމިކުރެވުނީ ރަނގަޅަކަށް ނޫންތަ؟…އެކަމަކު… ހަޤީޤާތް ފާޅުކުރުމަކުން ހުރިހާކަމެއް ގޯހުން ގޯހަށް ހިނގައްޖެއްޔާ ދެންވާނީ ކިހިނެއް؟… ޢާތިޤާއަށް އަހަރެންގެ ފަރާތުން ކަމުދާ އެތައް ސިފަތަކެއް ފެނުނުއިރު ދެން ކީއްވެ އަހަންނާ އިންނަން ބޭނުންނުވާންވީ؟ ޙައިދަރަށް މި ހުރިހާކަމެއް އެނގިއްޖެއްޔާ އޭނާ އަހަންނަށް އެއްބާރުލުން ދޭނެބާ… ނޫން! އޭނާގެ ކޮއްކޮ ނުރުހޭކަމެއް އޭނާ ނުކުރާނެ” ދެއަތުން ބޮލުގައި ހިފަހައްޓާލައިގެން ދެ ކަކުލުގައި އުޅަންބޮށިކޮޅު ވިއްދާލައިގެން އިނދެ ލުތުފީ ވިސްނިއެވެ.

* * * *

ފިކުރަކަށް ގެއްލިފައި އިން ޝާރުދާ، މަލީކުއާ އެކު ހިނގައިގަތީ ހަފުލާ ނިމުމުންނެވެ. އޭރު އެންމެން ވެސް އެބައެއްގެ ކޮޓަރިތަކާ ދިމާލަށް ދަނީއެވެ. އޭރު ވެސް އިޒުވާނު ވީތަނެއް ނުފެނެއެވެ. ހެމުންހެމުން އެކަކުއަނެކަކުގެ ކޮނޑަށް އަތްވައްޓާލައިގެން ތިބެ ޝާރުދާމެންނާ ދިމާލަށް އަންނަ ފަޒަލް އާއި ރުހައިލުފެނުނެވެ. ޝާރުދާ އަވަހަށް ރުހައިލަށް ގޮވާލާފައި ގެނައެވެ.

“ދަރިފުޅާ، ފަޒަލްއާ ދެކުދިން ދޭބަލަ ދޮންބެ ފެނޭތޯ ބަލާލަން، ޝެރީލްގެ ބޭބެމެންނާއެކު މިތަނުން ދިމާލެއްގައި ވާނެ” ޝާރުދާ ސިއްރުން ކަހަލަ ގޮތަކަށް ރުހައިލުގެ ކަންފަތާ ކައިރިވެލާފައި ބުނެލިއެވެ. ނިކަން އަވަހަށް ބޯޖަހާލަމުން ރުހައިލު، ފަޒަލްއާއެކު އޭނާގެ މަންމަ ބުނި ކަންތައް ކުރުމަށް ހިނގައިގަތެވެ.

“ކިހިނެއްވީ؟ ހާދަ ހާސްވެފައި” ހުރިހާ އެންމެންގެ ކިބައިން ސަލާމަތްވެވުނު ހިނދު މަލީކަށް އޭނާގެ އަންހެނުންގެ މޫނަށް ބަލާލާނެ ފުރުޞަތު ލިބިގެން ދިޔައެވެ. އެއާއެކު އެ މޫނުމަތިން ފެންނަމުންދިޔަ ކަންބޮޑުވުން ނަގައިގަންނާކަށް ސިކުންތެއްވެސް ނުނެގިއެވެ.

“އިޒުވާނު ވީތަނެއް ނޭނގިގެން، އަހަރެން އެހާ ހިތްހަމަޖެހޭ ގޮތަކަށް އުޅޭ ބައެއް ނޫން އެއީ” ޝާރުދާ ވާހަކަދެއްކީ ވީހާ ވެސް މަޑުންނެވެ. އޭނާގެ ދުލުން ޅީދަރިފުޅުގެ ޢާއިލާއަށް އެއްޗެއް ބުނާއަޑު އެހެން މީހަކަށް އިވެން ބޭނުންނުވަނީއެވެ.

“ކޮންބައެއް، ޝެރީލްމެންގެ ޢާއިލާތަ؟” މަލީކަށް އެކަން ވެސް ވަގުތުން އެނގިގެން ދިޔައެވެ. އަދި އޭނާ ލުއިގޮތަކަށް ހިނިތުންވެލިއެވެ.

“މިކަން ވެސް މިއޮތީ ކުރެވިފައި، ދަރިފުޅުގެ އުފާތަކަށް ހުރަސް ނާޅާވޭތޯއެއްނު އަހަރުމެން މިބަލަނީ، އެހެންނޫނީ ބުނާނެ މައިންބަފައިން ކުދިން ބޮޑެތިވީމާ ވެސް އެކުދިން ބޭނުންވާ މިނިވަންކަމެއް ނުދެއޭ، މީހުންނާ އިންނަން ވެސް ޖެހެނީ މައިންބަފައިން ދައްކާ ބަޔަކާއޭ” ޝާރުދާގެ ކޮނޑުގައި ވަށާލި މަލީކުގެ އަތުން އޭނާ ގަޔާ ކައިރިކޮށްލާފައި ބުނެލިއެވެ.

“ނޫން، އަހަރެން ބޭނުމެއްނޫން އިޒުވާނުހެން ރުހައިލު އުޅޭކަށް، މިހާރު ވެސް އަހަރެންގެ ގާތުގައި އެކުއްޖާ ހުންނާތީ ކިހާ ރަނގަޅު، އޭނާ އިންނާނީ ވެސް އަހަރުމެންގެ ތެރެއިން އަހަރުމެން ޤަބޫލުކުއްޖަކާކަން ޔަގީން” މަލީކަށް، ޝާރުދާ ބަލާލިއެވެ.

ރުހައިލު އާއި ފަޒަލްއާ ދެ ޒުވާނުން އިޒުވާނު ހޯދަމުން އައިރު ޝެރީލްގެ ބޭބެމެން ރިސޯޓުގެ ބާގައި ހުރި މޭޒެއްގެ ދޮށުގައި ތިއްބެވެ. ކޮންމެ މީހަކު ހީވަނީ ނިދިގެން މޭޒުމައްޗަށް ދެމިފައި ތިބިހެނެވެ. އެމީހުންނާ ތަންކޮޅެއް ކައިރިއަށް ދިޔައިރު ލައިގެން ހުރި ވެސްޓު ބާލާ އޭތި ބޮލުގައި އަޅައިގެން އިޒުވާނު ވެސް އޮތީ މޭޒުގައި ބޯޖަހައިގެންނެވެ. އޭރު މޭޒުމަތީ ހުރި ފުޅިތައް ފެނިފައި ރުހައިލަށް ބަލާލެވުނީ ޖެހިގެން ހުރި ފަޒަލްއަށެވެ. ވަގުތުން މޭޒުމަތީ ހުރި ތިންފުޅިން ފުޅިއެއް ނަގައި އޭގައި ލިޔެފައި ހުރި އެއްޗެއް ކިޔާލިއެވެ.

“ހެލްޕްމީ ފަޒަލް” މޭޒުމަތީ ފުޅި ބަހައްޓާފައި އައިސް ރުހައިލު އުޅުނީ އޭނާގެ ބޭބެ ނެގޭތޯއެވެ. ފަޒަލް އާއި ދެމީހުން އިޒުވާނުގެ އަތް ކޮނޑުގައި އަޅުވާލުމާއިއެކު އޭނާގެ އުނަގަނޑުގައި ހިފަހައްޓާލައިގެން ތިބެ އެ މީހުންގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

“ފަޒަލް، އެ މޭޒު ދޮށުން ފެނުނު އެއްވެސް ވާހަކައެއް އެކަކު ގާތު ވެސް ނުދައްކާތި، ޔޫ ނޯ ހައު މަމް ވިލް ރިއެކްޓް” އިޒުވާނު ގޮވައިގެން ދަމުން ރުހައިލު، ފަޒަލްއަށް ބުނެލިއެވެ. އޭނާ ރުހައިލާ އެއްބަސްވިއެވެ. ދެޒުވާނުން ވެސް ތިބީ އިޒުވާނުގެ އުޅުމާމެދު ސުވާލު އުފެދި ހައިރާންވެފައެވެ.

ހިނގަމުން ދިޔައިރު ދޭތެރެއަކުން އިޒުވާނު އިސްއުފުލާލާ ކޮންމެވެސް އެއްޗެކޭ ބުނެލައެވެ. ނަމަވެސް އޭނާގެ އަނގަޔަކު ވަރެއްނެތެވެ. ދައްކާ ވާހަކަ ރަނގަޅަށް ހަމައެއްނުޖެހެއެވެ. ރުހައިލާއި ފަޒަލް ބެލީ މީހަކަށް ނުފެންނަނީސް އަވަހަށް އައިސް އެ މީހުންގެ ކޮޓަރިއަށް ވަދެވޭތޯއެވެ. ނަސީބަކުން އެހިސާބުގައި މީހަކު ފެންނަން ނެތުމުން އެ ދެ ޒުވާނުން އިޒުވާނު ކޮޓަރިއަށް ވައްދައިފިއެވެ. އަދި ގެނެސް އެނދުމަތީ އޭނާ ބޭއްވުމަށްފަހު ރުހައިލު އޭނަގެ ބޭބެގެ ފައިން ދެ ބޫޓުކިބަ ވަކިކޮށް ތިރިއަށް ވައްޓާލިއެވެ. ފަޒަލް ދުރުގައި ހުރީ އިޒުވާނަށް ނަޒަރު ހުއްޓާލިގޮތަށް ބުނަންވީ ކީކޭކަން ވެސް ނޭނގިފައެވެ. އެހިނދު ކޮޓަރީގެ ދޮރު ނިކަން ބާރަށް ހުޅުވިގެން ދިޔައެވެ.

“ހާއި ގާއީޒް…” ކުއްލިއަކަށް އިވިގެން ދިޔައީ ޝެރީލްގެ އަޑެވެ. އޭނާއާ ދިމާލަށް ބަލާލުމާއިއެކު ރުހައިލާއި ފަޒަލްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެކޮޓަރިއަށް ޝެރީލް ވަދެގެން އައިއިރު ލާފައި ހުރީ ކަޅުކުލައިގެ ކުރުނައިޓީއެކެވެ. ތުނިކަމުން އޭނާގެ ހަށިގަނޑުގެ ބައްޓަމުގެ އިތުރުން އެތެރޭން ލާފައި ހުރި އެއްޗެހި ވެސް ފެންނަން ހުއްޓެވެ. އަރިއަކަށް ކުޑަކޮށް ގުދުވެލިޔަސް ޝެރީލްގެ ބުޑުމަސްގަނޑު ފެންނާނެއެވެ.

“ވަޓް އާ ޔޫ ޑުއިން ހިއަރ” ދެފަރާތަށް ބޯހޫރާލި ރުހައިލު އޭނާއަށް ފެންނަމުންދިޔަ މަންޒަރާ ނަޒަރުވަކިކޮށްލަމުން ބުނެލިއެވެ.

“އައި ނީޑް ޓު ސީ ހިމް، އިޓްސް އަވަރ ބިގް ނައިޓް، އެންޑް އައި ވޯންޓު ސެލެބްރޭޓް” ފުރަގަހަށް ލައިގެން ހުރި އަތް ޝެރީލް ދައްކާލި އިރު އޭނާގެ އަތުގައި އޮތީ ޝެމްޕޭން ފުޅިއެކެވެ. އެއީ މީގެ ކުޑައިރުކޮޅެއް ކުރިން ރުހައިލުމެންނަށް ފެނުނު ކަހަލަ ފުޅިއެކެވެ. ހަދާނެގޮތެއް ނޭނގިފައި ރުހައިލު ހުއްޓާ ޝެރީލް ތުނބުގައި ފުޅި ޖަހާލާފައި ކޯވަރެއް ދަމާލިއެވެ. އަދި އަނެއްއަތުގައި އޮތް ދެތަށި ގެނެސް ސައިޑްކަބަޑް މަތީ ބަހައްޓާލަމުން ރުހައިލުމެންނާ ދިމާލަށް އެނބުރިލިއެވެ.

“ޔޫ ގާއީޒް ވޯންޓު ޖޮއިން އަސް” ހެވިލާފައި ޝެރީލް ބުނެލިއެވެ. ފަޒަލް އާއި ރުހައިލުގެ މޫނުމަތިން ފެނިގެންދިޔައީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެވެ. ރުހައިލު އަވަސްއަވަހަށް އައިސް ޝެރީލްގެ ކޮނޑުގައި ހިފައި އޭނާއާ ވާހަކަދައްކައިގެން އެކޮޓަރިން އޭނާ ނެރެން އުޅުނެވެ. މިގަޑީގައި އެކޮޓަރީގައި ޝެރީލް ހުރުމަކީ ރަނގަޅުކަމެއް ނޫންކަމުގައި ރުހައިލު އޭނާއަށް ވިސްނައިދޭން އުޅުނެވެ. އަދި އިޒުވާނަށް އޮތީ ނިދިފައި ކަމަށް ވެސް ބުންޏެވެ. އެތައް ވަރަކަށް ވާހަކަދައްކައިގެން ޝެރީލް އެކޮޓަރިން ނިކުންނަން ހިނގައިގަތެވެ. އޭނާގެ ޚިޔާލު ބަދަލުވެދާނޭތީ ރުހައިލު ޝެރީލްގެ ގޮނޑުން ދުލެއް ނުކުރިއެވެ. އެހެންވެ ކޮށްޕަމުން ކަހަލަ ގޮތަކަށް އޭނާ ޝެރީލް ގޮވައިގެން އެކޮޓަރިން ބޭރަށް ނިކުތެވެ.

“ރުހައިލު…” ޝާރުދާ ގޮވާލުމާއިއެކު ރުހައިލު ހުރި ތަނަށް ގަނޑުވިކަހަލައެވެ. ނިކަން އަވަހަށް ޝެރީލްގެ ކޮނޑުން އަތްދޫކޮށްލުމާއިއެކު މަންމަގެ އަޑު އައި ދިމާއަށް ބަލާލިއެވެ.

“ޝެރީލް… ސުބްހާނަﷲ… ރުހައިލު، ހަމަމިހާރު ކޮޓަރިއަށް ވަދޭ، ކޮބާ އިޒުވާނު” ޝެރީލް ހުރިގޮތް ފެނިފައި ޝާރުދާ މޮޔަނުވީ ކިރިޔާއެވެ. އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ކައިވެނި ކުރަން އުޅޭ އަންހެން ކުއްޖާ ހުރި ހާލު ފެނުމުގެ އިތުރުން ޝެރީލްއާއެކު ރުހައިލު ހުރިތަން ފެނިފައެވެ. ރުހައިލަކީ ވެސް ބޮޑުވެފައި ހުރި ފިރިހެން ދަރިއެއްކަން ޝާރުދާއަށް ވިސްނެއެވެ. ފެންނަން ނުވާ މަންޒަރުތައް ފެންނަކަމަށްވަންޏާ އެއްބަނޑު އެއްބަފާކަމުގެ ގުޅުން ވެސް ކެނޑިދާކަން ޝާރުދާއަށް އެނގެއެވެ. ރުހައިލަށް މަގުއޮޅޭތަން ދެކޭކަށް ޝާރުދާއަށް ކެތެއްނުވާނެއެވެ. ޝެރީލް އަވަސް އަވަހަށް އަތުގައި އޮތް ފުޅި ފޮރުވާލުމާއިއެކު އޭނާގެ ކޮޓަރިއަށް ވަންނަން ދިޔައެވެ.

“ދޮންބެ އެބައޮތް ކޮޓަރީގައި… ވަރުބަލިވެގެން އެއްޗެހި ވެސް ނުބާލާ ނިދައިފި” ރުހައިލު އޭނާގެ މަންމައަށް އިޒުވާނުގެ ހަޤީޤާތް އޮޅުވާލިއެވެ.

“ހޫން! ދެން ކަލޭމެން ވެސް ނިދަން އޮށޯވޭ، މިކޮޓަރީގެ ދޮރު ތަޅުލާފައި ބަހައްޓާތި” ކޮޓަރީގެ ދޮރުމަތީ އައިސް މަޑުކޮށްލި ޝާރުދާއަށް އެނދުގައި ބަންޑުން އޮތް އިޒުވާނު ފެނުމުން ބުނެލިއެވެ.

“މަންމާ! ޝެރީލް އައީ ދޮންބެ ހޯދަންވެގެން” ޝާރުދާ ހީކުރީ ކީކޭކަން ނޭނގޭތީ ރުހައިލު އުޅުނީ އޭނާއަށް ކަންތައްވީގޮތް އޮޅުން ފިލުވައިދޭށެވެ.

“ދެން ދޭ ނިދަން، ހަނދާންކޮށް ކޮޓަރި ތަޅުލާތި” ޝާރުދާ، ދަރިފުޅުގެ ކޮނޑުގައި އަތްޖައްސާލަމުން ބުނެލިއެވެ. އިތުރަށް ރުހައިލަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. އޭނާ ބަލާލީ ފަޒަލްއަށެވެ. ހާސްވެފައި ހުރި ގޮތަކަށް ފަޒަލް އަވަސް އަވަހަށް ނިދަން ތައްޔާރުވާން ފެށިއެވެ. ޝާރުދާ މަޑުމަޑުން އެކޮޓަރީގެ ދޮރުލައްޕާލާފައި ހިނގައްޖެއެވެ.

* * * *

ޖެހިގެން އައި ދުވަހު ޝާރުދާ ބޭނުންވީ ވީހާ ވެސް އަވަހަކަށް މާލެ ދިއުމަށެވެ. އެހެންނަމަވެސް އެގޮތަށް އެކަން ވާކަށްނެތެވެ. ޝެރީލްގެ ޢާއިލާއިން ފުރަން ނިންމީ “އެންގޭޖުމެންޓް”އަށްފަހު އެއްދުވަހު ރިސޯޓުގައި މަޑުކުރުމަށްފަހުއެވެ. އެމީހުން ރިސޯޓުގައި މަޑުކުރާނަމަ އިޒްވާނު އެނބުރި މާލެ ނުދާނެކަން ޝާރުދާއަށް އެނގެއެވެ. ކައިވެނީގެ ކުރިން އިޒުވާނު ޝެރީލްގެ ޢާއިލާގެ ތެރެއަށް ދާން އެއްގޮތަކަށް ވެސް ޝާރުދާގެ ހިތެއް ނޭދެއެވެ. މަލީކުގެ ނިންމުމަކަށް ވެސް ވީ ޝެރީލްގެ ޢާއިލާ ރިސޯޓުން ފުރުމުން ނޫނީ އެމީހުން މާލެ ނުދާނެކަމުގައެވެ. ހިތްހަމަނުޖެހިފައި ހުރި ޝާރުދާ ރޭގައި އޭނާއަށް ފެނުނު މަންޒަރު މަލީކަށް ވަނީ ކިޔައިދީފައެވެ. ނަމަވެސް މަލީކު އެކަމާމެދު އެއްވެސް އެއްޗެއް ނުބުނެއެވެ. ޝާރުދާ އިތުރަށް ހިތްހަމަނުޖެހުނު ކަމަކަށް އެކަންވިއެވެ.

“ސައިބޮއެފިންތަ؟ ކޮބާތަ ދޮންބެ؟” ރުހައިލު އާއި ފަޒަލްގެ އިތުރުން އިޒުވާނު ހުންނަ ކޮޓަރީގެ ދޮށަށް ފާރަވެރިއެއްހެން ސިއްރުން އައި ޝާރުދާއަށް ރުހައިލު ފެނުމުން ހުއްޓުން އެރިއެވެ.

“ޝެރީލްއާއެކު ދިޔައީ” ކޮޓަރީގެ ބިއްދޮށް ފަރާތުގައި ހުރި ގޮނޑިއަށް ދެފައި ނަގައިގެން ފޯނާ ކުޅެން އިން ރުހައިލު ބުނެލިއެވެ.

“ދަރިފުޅު އެކަނިތަ؟” ޝާރުދާ އައިސް ރުހައިލުގެ ގާތުގައި މަޑުކޮށްލިއެވެ.

“ނޫން، ފަޒަލް ވެއްޖެ އެތެރޭގައި، މަންމާ! ކޮންއިރަކުން މާލެ ދަނީ، ކުލާސްތައް މިހެން މިސްވަންޏާ ވަރަށް އުނދަގޫވާނެ އަޅުގަނޑަށް” ރިސޯޓަށް އައިސްސުރެން ފޫހިވެފައި ހުރި ރުހައިލު ބުނެލިއެވެ.

“ނުދެވިގެން މިއުޅެނީ އިޒުވާނަކާ ހެދި، ބައްޕަ ބޭނުންވަނީ ޝެރީލްމެން ފުރީމާ މާލެދާން، އެމީހުން އުޅޭގޮތުން ހިޔެއްނުވޭ އަވަހަކަށް ފުރާނެހެނެއް، އެހެންވިޔަސް ރުހައިލު އާއި ފަޒަލް އަވަހަށް ފޮނުވާދިނުމަށް މަންމަ ބުނާނަން ބައްޕަ ގާތު” ޝާރުދާ ބުނެލިއެވެ. އަދި ރުހައިލުގެ ގާތުން ދުރަށް ހިނގައިގަތީ މެހެނާޒު ހޯދާށެވެ. ރުހައިލުގެ މައްޗަށް ބާރު ހިންގިއެއްކަމަކު ފަޒަލްއަކީ މެހެނާޒުގެ ދަރިއެއްވިއްޔާއެވެ. އޭނާގެ މައްޗަށް ނިންމުން ނިންމާނީ މެހެނާޒާއި ޝުއައިބެވެ.

* * * *

ވައިބަރއަށް އައި މެސެޖު ބަލާލުމާއިއެކު ޔުނިވަރސިޓީ ބެންޗުގައި އިން އަރުފީނު މޫނު ކުނިކޮށްލިއެވެ. ކަޅުކުލަޖައްސާލާފައި ހުރި ކުއްޖެއް ކުރަހާފައި ވައިބަރ މެދުވެރިކޮށް ފޮނުވާލިއިރު އޭގައި ލިޔެފައި އޮތީ އަރުފީނުގެ ނަމެވެ. އެފޮޓޮއިން ފެންނަނީ ބޮޑުކޮށް ހުރި ދެލޯ އެކަންޏެވެ. އެކަން ކުރީ ރުހައިލެވެ. ދުރުގައި ހުރި އިރު ވެސް ރުހައިލު ކޮންމެވެސް ގޮތަކުން އަރުފީނަށް ގޯނާކޮށްލައެވެ. ޚާއްޞަކޮށް ރިސޯޓަށް ދިޔަތާ ދެތިން ދުވަހެއްފަހުން ކޮންމެ ދުވަހެއްގެ ހެނދުނު ގަޑީގައި އެ ނޫން މަސައްކަތެއް ރުހައިލަށް ނޯންނަ ކަހަލައެވެ. ކުލާސް ނިންމާފައި ނިކުމެ ފޯނު ބަލާލާއިރު އަރުފީނުގެ ވައިބަރއަށް ރުހައިލުގެ މެސެޖުތައް ފުނިޖެހިފައި އޮވެއެވެ. މުޅިން ވެސް ތަފާތު ގޮތްގޮތަށް އަރުފީނާ ދިމާކޮށްފައި ހުންނަ މެސެޖުތަކެވެ. ބައެއްފަހަރު ރުޅި އައިސްގެން ފޯނު އެއްލާލަން ހިތަށް އަރާވަރުގެ މެސެޖުތަކެވެ. އަންނަ ރުޅީގައި އެތިވަރު ގޮވައިގަނެފައި އަރުފީނު ވެސް މެސެޖު ފޮނުވާލައެވެ. ނަމަވެސް އޭނާ އުންމީދުކޮށްގެން ހުރީ ފަޒަލް އޭނާއަށް ވާހަކަދައްކާނެ ކަމަށެވެ. ރުހައިލަކީ އަރުފީނު ދެކޭ ގޮތުގައި އޭނާގެ ރަޙުމަތްތެރިއެއް ނޫނެވެ. އެކަމަކު ފަޒަލް އޭނާއަށް ވަރަށް ހެޔޮވެފައި ވާހަކަދައްކާ ހަދާތީ އޭނާގެ ފަރާތުން ޚަބަރެއް ވެދާނޭ ކަމަށް އަރުފީނަށް އުންމީދު ކުރެވުނީއެވެ. އެއާ ޚިލާފަށް އަރުފީނަށް ރުހައިލުގެ އުނދަގޫތަކުން ސަލާމަތެއްނެތެވެ. ޝުކުރުކޮށްލަނީ ގޭގައި ރުހައިލު ނެތީމައެވެ.

* * * *

އާތިޤާގެ މޫނުމަތިން ފެންނަނީ ކަމަކާ ހާސްވެފައި ހުރި އަސަރުތަކެވެ. ހަމައެގޮތަށް ހަވީރު ވަމުން އައި އިރު ސޮފޫރާ ވެސް ހާސްވެގެން ދެކޮޅަށް ހިނގާލަ ހިނގާލަ އުޅެއެވެ. އެއްފަހަރު ދޮރޯށި ދޮށުގައި ހުރެލާފައި އަނެއްފަހަރު ގޯތީގައި ހުރި އަށިމަތީ އިށީނދެލައިގެން އިންނާނެއެވެ. ގޭތެރޭގައި ފެންނަމުންދާ ހަމަހިމޭންކަން ސިޓިން ރޫމުގައި އިން ޙައިދަރަށް ރޭކާނުލައެވެ. އޭނާ އުޒައިރު ކައިރިއަށް ލައިގެން އިނދެ އެކުއްޖާއާ އެކު ކާޓޫނު ބަލަން އިނެވެ. ޢީސަމެންގެއަށް ދަނީކަމުގައި ބުނެ މެންދުރު ކައިގެން ގެއިން ނިކުތް ލުތުފީ އަދި ނާދެއެވެ.

“އެހެން ހަދަން ކެރޭނެބާ؟” ދޮރޯށި ދޮށުގައި ހުރި ސޮފޫރާ ޚިޔާލަކަށް ގެއްލިފައި ހުރެ ބުނެލިއެވެ. އޭނާ މަގުގެ ދެކޮޅު ބަލަމުން ދިޔައެވެ.

އިރުއޮއްސުނު އިރު ވެސް ސޮފޫރާ ދޮރޯށި ދޮށުގައި ހުންނާތީ ޙައިދަރު އޭނާއަށް ގޮވާ އެތެރެއަށް ވެއްދިއެވެ. އަދި އިޝާ ނަމާދުކޮށްގެން ޙައިދަރު އަންނަންދެން ގެއިން ނުނިކުތުމަށް ސޮފޫރާ ގާތު ބުނެ އޭނާ ހިނގައިގަތީ މިސްކިތަށް ދިއުމަށެވެ. އާދައިގެ މަތިން ލުތުފީ ވެސް ނަމާދަށް ދާއިރު އުޒައިރު ގެންދާތީ، ޙައިދަރު ވެސް ނިކުތީ އުޒައިރު ގޮވައިގެންނެވެ. އޭރު ވެސް އާތިޤާ ވިސްނަމުންދިޔައީ އޭނާގެ އަމިއްލަ ދިރިއުޅުމާމެދުއެވެ. ލުތުފީ ދެއްކި ވާހަކަތަކާ މެދުއެވެ. ސިޓިން ރޫމުގައި ހުރި ޓީވީ އިން މަޢްރިބު ނަމާދަށް ގޮވިއަޑާއިއެކު ކުޑަކޮށް ސިހުނު އާތިޤާ ޓީވީއަށް ބަލާލިއެވެ. އަދި ސޯފާއިން ތެދުވެގެން ކޮޓަރިއަށް ހިނގައިގަތެވެ.

ކޮޓަރީގައި ހުރި އެނދުގައި އިށީނދެލައިގެން އިން ސޮފޫރާ އިރުއިރުކޮޅާ ފޯނަށް ބަލާލައެވެ. ވަގުތު ހިނގުން ލަސްވާނެނަމައޭ އޭރު އޭނަގެ ހިތަށް އަރަމުންދިޔައެވެ. ފަޅު ގޯތީގެ ތެރެއަށް ދާން އެއްގޮތަކަށް ވެސް އޭނާ ބޭނުމެއްނޫނެވެ. އެކަމަކު ނުގޮސްފިއްޔާ އެމީހަކު ކުރާނޭ ކަންތައް އެވަނީ ބުނެފައެވެ. އެންމެންގެ ތެރޭ ބޭޒާރުވާކަށް ސޮފޫރާ ބޭނުމެއްނޫނެވެ. އެފަދަ ލަދުވެތިކަމަކާ ކުރިމަތި ލުމުގެ ހިތްވަރެއް އޭނާގެ ނެތެވެ.

ޢީސަ އާއިއެކު އިޝާ ނަމާދުކޮށްލައިގެން ލުތުފީ އަނެއްކާ ވެސް އައިސްވަނީ އެގެއަށެވެ. ރޭގަނޑު ކައިގެން ދިއުމަށް ޢީސަގެ ދެމަފިރިން އެދުނީތީ އެހެންވެއެވެ. އެމީހުން ގެއަށް އައިއިރު ޢީސަގެ އަންހެނުން ހުރީ ކާން ހަދާ ތައްޔާރުކޮށްގެންނެވެ.

“ދެ ދުވަހެއްތެރޭ ފުރަންވެގެން މިއުޅެނީ، އެހާ އަވަހަށް މިކޮޅަށް ދެން އާދެވޭނެހެނެއް ހިޔެއްނުވޭ، މަސައްކަތްތައް ފެށުމަށް އަހަރެން މީހަކު ފޮނުވާނަން، އެހެންނޫނަސް މިކޮޅުގައި ކަންކަން ބެލެހެއްޓުމަށް ޢީސަ އާއި ޙައިދަރު ވެސް ހުންނާނެތާ، އެއީ ދެން އަހަރެން ހުރުން ފަދައެއްނު” ކާން އިނދެގެން ލުތުފީ ބުނެލިއެވެ. ޢީސައަށް ލުތުފީގެ ކޮންމެ ނިންމުމެއް ކަމުދިޔައެވެ.

ޢީސަމެން ގެއިން ނިކުމެގެން ލުތުފީ ބޭނުންވީ ކުޑަކޮށް ރަށުގައި ހިނގާލާފައި އެނބުރި ޙައިދަރުމެންގެއަށް އަންނާށެވެ. އާތިޤާ ހިތްހަމަނުޖެހިފައި ހުރުމުން އެކަން ހައްލުކުރާނޭ ގޮތަކާއިމެދު ވެސް އޭނާ ވިސްނާލަން ބޭނުންވީއެވެ. ވަކި މަންޒިލެއްނެތް މުސާފިރެއްހެން ހިނގަމުން ދިޔަ ލުތުފީގެ މިސްރާބު ބަދަލުކޮށްލީ ޢީސައަށް ލިބިފައި އޮތް ގޯއްޗާ ދިމާލަށެވެ. ރޭގަނޑުގެ މިވަގުތު އެތަނަށް އޮންނާނީ އަނދިރިކަން ވެރިވެ ފަޅުވެފައިކަން އެނގިހުރެއެވެ. ދެޖީބަށް އަތްޖަހާލައިގެން ހުރެ ވަށައިގެން ނަޒަރު ހިންގަމުން ވަކި ހިސާބަކަށް ދެވުނުތަނާ ލުތުފީ ސިހުނީ އަންހެން ކުއްޖަކު ނިކަން ބާރަށް ރޮއެގަތް އަޑުއިވިގެނެވެ. ވަށައިގެން ހޯދާލުމާއިއެކު ލުތުފީގެ ސަމާލުކަން ހުއްޓުނީ ކޮންމެވެސް ވަރަކަށް ރާނާފައި ހުރި ފަޅު ގޯއްޗަށެވެ. ދެވަނަފަހަރަށް ވެސް ލުތުފީއަށް އެއަޑުއިވުނެވެ. ބިރުވެރިކަން އެކުލެވިފައިވާ ވޭނީ ހަޅޭކެއްގެ އަޑެވެ. މެދުކެނޑުމެއްނެތި މުޅި ހިސާބުގައި އެއަޑު ފެތުރިގެން ދިޔައެވެ. އަނދިރިކަމުގެ ތެރެއިން ލުތުފީ ޖެހިލުންވާގޮތްވިއެވެ. ފަސްދީފައި އައި ފަޅުގެއާ ދިމާލަށް ދާން ހިތަށް އަރާފާއި ވެސް ހިތުގައި ބިރުވެރިކަމެއް އުފެދިގަތެވެ. މީހުންނޫޅޭ އެހިސާބަށް އޭނާ އައުމަކީ ކުރެވުނު މޮޔަކަމޭ ހީވާންފެށިއެވެ. ރަނގަޅަށް އާބާދުނުވާ ހިސާބުތަކަކީ ރަށްރަށުގައި ނާމާން ހިސާބުތަކެއްގެ ގޮތުގައި ލުތުފީއަށް ވިސްނުނެވެ. އެހެންވެ ބޭނުންވީ ދެފަޔަށް ލެވުނުހާ ބާރެއްލާފައި ފަސްއެނބުރުމެއްނެތި އަވަހަށް ގޭދޮށަށް ދާށެވެ.

ނިތްކުރިން ހިލެމުންދިޔަ ދާތިކިތަކަކީ މީހާއަށް ލިބިފައި ހުރި ހާސްކަމުގެ ސަބަބުން ފާޅުވަމުންދިޔަ އަސަރެކެވެ. ދެކޮޅަށް ނުބަލަން ހުއްޓެއްކަމަކު، ކުރިއަށް ބާރަށް ހިނގަމުން އައި ލުތުފީގެ ނަޒަރު ވަށައިގެން ހިންގަމުން ދިޔައެވެ. އޭރު އިވެމުންދިޔަ އަޑު ހައްތަހާވީ ގަދައެވެ.

“އަދީ….ބު…. ހެޔޮނުވާނެ، އަހަރެން ދޫކޮށްލާ…. އަދީބު… މަންމާ…” ރޮމުން ހަޅޭލަވަމުން ދިޔަ ސޮފޫރާ، އޭނާގެ ގައިގާ ހިފަހައްޓައިގަނެގެން ހުރި މުރާދުގެ ކިބައިން ސަލާމަތްވާން މަސައްކަތް ކުރަމުން ދިޔައެވެ.

އާންމުގޮތެއްގައި ސޮފޫރާ އާއި އަދީބު ބައްދަލުކުރަންދާ ފަޅު ގޯތީގެތެރޭގައި ސޮފޫރާގެ އަޑު ގުގުމާލާފައި ހުއްޓެވެ. އެކަމަށް އެއްވެސް މީހަކު ސަމާލުކަމެއް ނުދެއެވެ. އެތަނުގައި ހީނހީނފައި ސޮފޫރާއަށް ގޯނާ ކުރަމުން ބުޝްރީ ދިޔައެވެ. ދެތިން ފިޔަވަޅު ދުރުގައި ފޯނުން އަލިކޮށްގެން އަދީބު ހުއްޓެވެ. އަނދިރިކަމުން އޭނާގެ މޫނު އެއްކޮށް ނުފެނުކަމުގައި ވިޔަސް ސޮފޫރާއަށް އަދީބުގެ ވިހަ ހިނިތުންވުން ފެނުނެވެ. މުރާދު ގަދަކަމުން ސޮފޫރާއާއެކު ޖިންސީގުޅުން ހިންގަން މަސައްކަތް ކުރިއިރު އެކަމަށް އެހީތެރިވަމުން ދިޔައީ ބުޝްރީއެވެ. ސޮފޫރާގެ އަޑު އިހުނަށްވުރެ ގަދަވެގެންދިޔައެވެ. މަރަށްފުރާނައަށް ތެޅެމުންދާ މީހަކު ފަދައިން ސޮފޫރާ އެމީހުންގެ ވަކިތަކުން ސަލާމަތްވާން މަސައްކަތްކުރިއެވެ. އެގޮތުން ސޮފޫރާ ހޫރާލި ފައިން އައިސް ޖެހުނީ ބުޝްރީގެ ކުރިމަތިފަރާތުގައެވެ. އެއާއެކު ދެން ފެނުނީ ދަތިގޮތަކަށް ހިއްލާލި އުޅަންބޮށިކޮޅުން މުރާދުގެ ކަތުރުކަށިގަނޑު މަތީ ސޮފޫރާ އެތިފަހަރެއްއެޅިއެވެ. އެހިނދު މުރާދުއަށް އޭނާގެ ދަތްދޮޅީގައި ބާރަށް ހިފަހައްޓާލެވުނެވެ. އެންމެ އަތަކުން އޭނާއަށް ސޮފޫރާ ހިފެހެއްޓެގޮތެއް ނުވިއެވެ. އެންމެނަށް ލިބުނު ސިހުމާއިއެކު، ތިން ފިރިހެނުންގެ ކިބައިން ލިބުނު ހަނި ފުރުޞަތުގައި ސޮފޫރާ ދުއްވައިގަތީ މަގުމައްޗަށް ނިކުމެވެން ހުރި ދޮރާދިމާލަށެވެ. އަނދިރީގެ ތެރެއިން ކޯއްޗެއްކަން ނޭނގޭ ހަރުއެއްޗެއްގައި އަޅައިގަނެފައި ބަންކިޔާފައި ސޮފޫރާ ވެއްޓުނީ ދޮރުމައްޗަށެވެ. އަވަހަށް ދާންވެގެން ވެލިގަނޑުގައި ފިރުކައިގަތުމާއިއެކު ސޮފޫރާ ކޮޅަށް ތެދުވެ ދުއްވައިގަތެވެ.

“އަހަރެން ސަލާމަތްކޮށްދީ…” ކުއްލިއަކަށް އައިސް މީހެއްގެ ގައިގާ ޖެހުމުން ސޮފޫރާއަށް ބުނެވުނެވެ. އެވަގުތު އެމީހަކު ނިކަން އަވަހަށް ސޮފޫރާގެ ކޮނޑުގައި ހިފާ ދުރަށް ކޮށްޕާލީ ގައިގާ ނަޖިހެއްޖެހިގެން ފޮޅާލާ އުސޫލުންނެވެ. ދެމީހުންނަށް ވެސް އެކަކު އަނެކަކަށް ބަލާލެވުނީ ދެނެވެ.

“ސޮފޫރާ… ސޮފޫރާތަ ތީ” ރޮވިފައި ހުރި ސޮފޫރާގެ މޫނަށް ބަލާލި ލުތުފީ ކަންބޮޑުވިއެވެ. އޭނާއަށް ސޮފޫރާގެ ހޭވިފައި ހުރި އިސްތަށިގަނޑާއި ލައިގެން ހުރި ޖިންސު ބުޑުމަސްގަނޑާ ދިމާލުން އެއްބައި ފައިބައި އޮތް ފެނި ކަމެއް ވަރަށް ގޯސްވެއްޖެކަން ވަގުތުން ނަގައިގަނެވުނެވެ.

“ބޭބޭ އަހަރެން ސަލާމަތްކޮށްދީ، ހެޔޮނުވާނެ، އެމީހުން….. އެމީހުން އަހަންނާ ބެހެން…” އިތުރަށް ސޮފޫރާއަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. ކުއްލިއަކަށް ފަޅުގޯތީގެ ތެރެއިން ފިރިހެނަކު ނިކުމެފައި ނިކަން ހަލުވިކޮށް އެތެރެއަށް ވަންތަން ލުތުފީއަށް ފެނުނެވެ. އެމީހަކު އެވަނީ ލުތުފީ ފެނިގެންކަމުގައި ނިންމިއެވެ. އެހެންވެ އަވަސްވެގަތީ ސޮފޫރާ ގޮވައިގެން އެތަނުން ދިއުމަށެވެ.

“ހިނގާ އަވަހަށް ގެއަށް، ހެދުން ރަނގަޅުކޮށްލާ” ސޮފޫރާގެ ގައިގާ އަތްލަން ނުކެރިފައި ހުރެ ލުތުފީ ބުނެލިއެވެ. އޭނާ ފަދަ އެ ރަށަށް ބީރައްޓެއްސަކު އެވަގުތު ރަށުގެ ފަޅު ހިސާބަކުން އަންހެން ކުއްޖަކު އެ ހާލުގައި ހުއްޓާގޮވައިގެން އަންނަތަން މީހަކަށް ފެނިއްޖެނަމަ ކަންތައްވާނެ ގޮތަކާއިމެދު ލުތުފީއަށް ވިސްނާލެވުނެވެ.

ކޮރުޖަހަމުން ކަހަލަ ގޮތަކަށް ކުރިއަށް ހިނގައިގަތް ސޮފޫރާ އަވަސް އަވަހަށް އޭނާގެ ޖިންސު ރަނގަޅުކޮށް އިސްތަށިގަނޑު އަތުން އޮމާކޮށްލިއެވެ. ފައިގައި އޮތީ އެންމެ ފައިވާން ކިބައެއްކަން އެނގުނީ ވެސް ދެނެވެ. ނަމަވެސް އޭނާ އެ ފައިވާން ހޯދާން ދާކަށް ގަސްދެއްނުކުރެއެވެ. ގުދުވެލާފާއި އަރިގެން ހުރި ފައިވަންކިބަ އަތަށް ލައިގެން ލުތުފީއާއެކު ގެއާ ދިމާލަށް ދާން ހިނގައިގަތެވެ. ހިފެހެއްޓުމެއްނެތި ސޮފޫރާއަށް ރޮވެންފެށުނެވެ. އޭނާ އެ ފަޅުގޯތިތެރެއިން ނިކުން ވަގުތު އެތަނުން ލުތުފީއާ ދިމާނުވިނަމަ ވާނޭގޮތް ހިތަށް އަރާފައެވެ.

“އަހަރެން ސޮފޫރާއާ އެއްވެސް ސުވާލެއް ނުކުރާނަން، އެކަމަކު ރޭގަނޑުގެ ވަގުތެއްގައި އެ ކަހަލަ އެކަހެރި ސަރަޙައްދަކަށް އަންހެން ކުއްޖަކު ދާން ނުވާނޭކަން ނޭނގޭ ވަރުގެ ކުޑަކުއްޖެއް ކަމަކަށް އަހަރެން ނުދެކެން ސޮފޫރާއަކީ، މިރޭ އަހަރެން އެހިސާބުގައި ނެތްނަމަ ސޮފޫރާ ކީއްކުރާނީ؟ އެމީހުން ސޮފޫރާއާ ދިމާކުރާނެ ކޮންމެވެސް ސަބަބެއް އޮންނާނޭކަން އަހަރެން ޤަބޫލުކުރަން، އެހެންނޫނީ އެއްވެސް ގުޅުމެއްނެތް އަންހެން ކުއްޖަކު ގަދަކަމުން ގެންގޮސްގެން މިކަހަލަ ރަށެއްގައި އެ ފަދަ ޢަމަލެއް ހިންގާކަށް ބަޔަކަށް ނުކެރޭނެ، ސޮފޫރާއާ މެދު އާތިޤާ ވިސްނާވަރު ނޭނގޭތަ؟ އަހަންނަށް އެނގޭ މިގޮތަށް ސޮފޫރާއާ ވާހަކަދެއްކުމަކީ އަހަރެންގެ ހައިސިއްޔަތެއްނޫންކަން، އެކަމަކު އަހަންނަކީ ވެސް ބަފައެއް، މިރޭ މި ފެނުނު ކަހަލަ މަންޒަރެއް ދެކެން އެއްވެސް މައިންބަފަޔަކު ބޭނުމެއްނުވާނެ” ލުތުފީގެ ވާހަކަތަކުން އިތުރަށް ސޮފޫރާ އިސްޖެހުނެވެ. އޭރު ކަރުނުން ދެލޯ ފުރި ބަންޑުންވަމުންދިޔައެވެ. ހިތުގައިޖެހުމާއިއެކު ގިސްލެވިއްޖެއެވެ.

ސިޓިން ރޫމުގައި އިން ޙައިދަރާއި އާތިޤާއަށް އެތެރެއަށް ވަދެގެން އައި ލުތުފީއަށް ބަލާލެވުނެވެ. އެ މޫނުމަތިން ފެންނަން ހުރި ހާސްކަން މިފަހަރު ޙައިދަރަށް ވެސް ނޭނގިއެއް ނުދިޔައެވެ. އޭރު އެތަނަށް އެމީހުންގެ ކުރިމައްޗަށް އަރަން ބޭނުންނުވެފައި ސޮފޫރާ ފެންޑާގައި ހުއްޓެވެ. ދޮރުމަތީ މަޑުކޮށްލައިގެން ހުރެފައި ފަހަތަށް ބަލާލާފައި ބޭރަށް ނިކުތުމުން ސޯފާގައި ތިބި ޙައިދަރާއި އާތިޤާއަށް ތިބިތަނުން ތެދުވަން މަޖުބޫރުވިއެވެ. އެމީހުންނަށް ސޯފާއާ ދުރަށް ނުދެވިގެން އުޅެނިކޮށް ދެންފެނުނީ ސޮފޫރާގެ ވައަތު މުލައްދަނޑީގައި ހިފައިގެން ހުރެ ސިޓިން ރޫމު ތެރެއަށް ވެއްދިތަނެވެ. އޭރު ވެސް ސޮފޫރާ ރޮނީއެވެ. މަޔާހަމައަށް އުފުލާލާފައި ހުރި ދެއަތުގެތެރޭގައި ފައިވަންކިބައޮތެވެ. އާތިޤާއަށް ބޮޑުކޮށްލެވުނު ދެލޮލާއެކު ލުތުފީއަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.

“އާތިޤާ، މީނަ ގޮވައިގެން އެތެރެއަށްދޭ، ފައިގެ ކަށިމަތި އެހެރީ ފަޅައިގެން ގޮސްފައި، އެތަން އަވަހަށް ބެންޑޭޖުކުރަން ފެނޭ، ވާހަކަދައްކާނީ ފަހުން” ލުތުފީގެ އަޑުން ޙައިދަރު އިންތިހާއަށް ހާސްވިއެވެ. އަވަސް އަވަހަށް ކޮއްކޮގެ ކޮނޑުގައި އަތްޖައްސާލުމާއިއެކު ލުތުފީ ބުނިގޮތަށް ކަންތައް ކުރުމަށް ޙައިދަރު، އާތިޤާއަށް އިޝާރާތްކުރިއެވެ. ހާސްވެފައި ހުރެ އާތިޤާ އައިސް ސޮފޫރާ ގޮވައިގެން އޭނާގެ ކޮޓަރިއަށް ވަނެވެ.

“ކިހިނެއްވީ؟ ކޮންތާކުން ސޮފޫރާއާ ދިމާވީ” އާތިޤާގެ ކޮޓަރިއަށް އޭނާ ގޮސް ވަނުމާއިއެކު ޙައިދަރު ސުވާލުކުރިއެވެ.

“ވަރަށް ދެރަކަމެއް ހިނގަންއުޅެނިކޮށް އެހެރީ ސަލާމަތްވެފައި، މިހާރުގެ ކުދިން މާ އަވަހަށްވިއްޔާ މި ބޮޑުވަނީ، ފިރިހެނުންގެ އަވައިގައިޖެހިގެން ކޮންމެ ފަދަ ކަމެއް ވެސް ކުރަން މިތިބެނީ ތައްޔާރަށް” ބޮލުގައި އަތްހާކާލަމުން ލުތުފީ އައިސް ޙައިދަރުގެ އެއްފަރާތަށް ހުރި ސޯފާގޮނޑީގައި އިށީނެވެ.

“ކާކު؟ ކީއްކުރީތަ؟ އަނެއްކާ މީހަކު އެމަންޖެއަށް ގޯނާއެއްކުރީތަ، ކީކޭތަ ލުތުފީ ތިކިޔަނީ” ސިކުނޑީގައި ނުބައި ޚިޔާލުތައް އެނބުރިގަތުމާއިއެކު ޤަބޫލުކުރަންވީ ކަމެއް ނޭނގިފައި އިން ޙައިދަރު ސުވާލުކުރަންފެށިއެވެ.

ކަންތައްވީގޮތް ލުތުފީ ނިކަން ރަނގަޅަށް ކިޔައިދިނެވެ. އޭނާއަށް ފެނުނު މަންޒަރެވެ. އަނދިރިކަމުން ސޮފޫރާގެ ފަހަތުން އެ ފަޅު ގޯތިން ނިކުތީ ކާކުކަމެއް ނޭނގުނަސް، ފިރިހެނެއްކަން ވަކިވާކަމެވެ. އިސްކޮޅު ހުރި ވަރު ނޫނީ އިތުރު އެއްވެސް އެއްޗެއް ބުނާކަށް ލުތުފީއަކަށް ނޭނގުނެވެ. އޭނާއަށް ރަނގަޅަށް ފެނުމުގެ ކުރިން އެމީހަކު ފިލީއެވެ. މިހުރިހާ ވާހަކައެއް ލުތުފީގެ ދުލުން އަޑުއިވިފައި ޙައިދަރަށް އިސްޖަހާލެވުނީ ލަދުވެތިކަމާއިއެކުއެވެ. އޭގެ އިތުރުން ހިތަށް ކުރި އަސަރާއި ވީ ދެރައިންނެވެ. ހަމައެވަގުތު ﷲއަށް ޝުކުރުކުރީ ސޮފޫރާއަށް ދެރަކަމެއްނުވެ ސަލާމަތްވާން އިރާދަކުރެއްވީތީއެވެ.

“ޙައިދަރު، މިރޭ މިހެން މިކަން ވާންވީ ސަބަބެއް ސޮފޫރާގެ ގާތުން އޮޅުން ފިލުވަންޖެހޭނެ، އަހަންނެއް ނުބުނާނަން އެމީހުން ސޮފޫރާއާ ދިމާނުކޮށް ތިބޭނެއެކޭ، އެ ކުއްޖާއަށް އެމީހުން ބޮނޑިއެއް ނުދެނީސް އަވަހަށް ފިޔަވަޅު އަޅަން އަހަންނަށް ފެންނަނީ، އެ އުމުރުގައި ރަނގަޅާއި ނުބައި ބައެއްފަހަރު ވިސްނޭއިރު އޮންނަނީ މާލަސްވެފައި، އަނެއްކާ ބައެއްފަހަރު މައިންބަފައިން ވެސް ބަލަނީ ލަދުވެތިކަމުން ސަލާމަތްވުމަށް އެކުދިންގެ އެފަދަ ކުށްތައް ފޮރުވައި، އެއީ ނުވާކަމަކަށް ހަދަން، އެހެންވުމުން ކުދިން ވެސް މައިންބަފައިންނަށް ތެދުވެރިއެއް ނުވާނެ، އަދި ކުރެވުނު ކަންތަކާމެދު ދެރައެއްވެސް ނުވާނެ، އެވަގުތު ދެރަވަގެން އުޅެފައި ފަހުން އެއްވެސް ކަމެއް ހަނދާނެއްނުހުންނާނެ، ދެން ކުރާނީ އެއަށްވުރެ ބޮޑެތި ކަންތައް، ލިބޭނީ ހީވެސް ނުކުރާހާ ބޮޑެތި އަނިޔާތައް، ބަދުނާމުވާއިރު އެކަމުގެ ސަބަބުން ޖެހޭ ލައްގަނޑު ދުވަހަކު ވެސް ފިލައިގެނެއް ނުދާނެ” ޙައިދަރުގެ ކޮނޑުގައި އަތްބާއްވާލަމުން ލުތުފީ ބުނެލިއެވެ.

“ތިކަމެއް ތިކުރީ އެއުޅޭ ޖަމީލުގެ ސޮރުކަން ޔަޤީން، ކުރިން ވެސް އަހަރެންގެ ހިތްބުނި އެއީ ރަނގަޅު ޒުވާނެއްނޫނޭ، އޭނާއާ ވާހަކަނުދެއްކުމަށް ސޮފޫރާއަށް އެންގިނަމަވެސް…. މިއަދު ކިހާ ދެރަ، ދެން ޗެސް އެމަންޖެއަށް އެއްޗެއް ވިސްނޭނެނަމައެއްނު، އާތިޤާ ގާތު ވެސް އަހަރެން ބުނިން އެމަންޖެ ބޭރަށް ނުފޮނުވާށޭ، ރޭގަނޑު ދަންޏާ އޭނާއާއެކު އާތިޤާ ވެސް ދާށޭ” ޙައިދަރު ދެރަވެފައި އިނދެ ބުނެލިއެވެ.

* * * *

ކާކޮޓަރީގެ ދޮރުމަތީގައި ހުރެފައި މީހަކު ހަޅޭލަވައިގަތް އަޑަށް އެތަނުން ނިކުންނަން އައި އަރުފީނު ދިޔައީ ސިއްސައިގެންނެވެ. އަތުގައި ފޯނުން ވެއްޓުމާއިއެކު ދޮރާ ދިމާލަށް އިސްއުފުލާ ބަލާލިއިރު ކުރިމަތީ ތިބީ ރުހައިލާއި ފަޒަލްއެވެ. ވަގުތުން އަރުފީނުގެ ދެބުމަ ގުޅިގެން ދިޔައެވެ. ލޯއަޅާލުމާއިއެކު ވެއްޓުނު ފޯނު ނަގައިގެން ހިނގައިގަތެވެ.

“އޭތް! ބަބުރުކުއްޖާ! ހުރިހާ އެއްޗެއް ހުސްކޮށްލައިގެން ދޯ ތިދަނީ” އަރުފީނު ދާން ފެށުމުން ރުހައިލު ގޮވާލާފައި ބުނެލިއެވެ. އަދި ބާރު ހިނިގަނޑަކާއިއެކު ފަޒަލްގެ ގޮނޑަށް އަތްވައްޓާލީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔަ މީހަކު ފަދައިންނެވެ.

“އޭތް! އަހަންނަކަށް ތިކިޔާއެއްޗެއް ނޭނގޭ” ތުން ދަމާލަމުން ފަހަތަށް އެނބުރި އަރުފީނު ރައްދުދިނެވެ.

“އޯ! އެހެންތަ! އެހެންވެ ދޯ ފަހަތަށް އެނބުރި ތި ޖަވާބުދީނީ، ބަބުރުކުއްޖާއަކީ ތީކަން މިހާރު ޔަޤީންވެއްޖެ، ބަބުރުކުއްޖާ… ބަބުރުކުއްޖާ… ބަބުރުކުއްޖާ…” ރުހައިލު ދިމާކޮށްލިއެވެ. އަރުފީނު ތުންއަނބުރާލަމުން މޫނަށްޖައްސާލި ވައްތަރުތަކުން ފަޒަލްގެ ގާތަށް ވެސް ހިނިއައެވެ. އޭނާ ނުހޭން މަސައްކަތް ކުރަމުން ގަދަކަމުން ކަހަލަ ގޮތަކަށް ރުހައިލު ކާކޮޓަރިއަށް ވެއްދިއެވެ.

ކޮޓަރިއަށް ދާން އުޅެފައި ވެސް އަރުފީނު ބޮޑުކޮޓަރިތެރެ ބަލާލުމާއިއެކު ގޭތެރެ ހޯދަންފެށީ ޝާރުދާ ފެންނަން ނެތުމުންނެވެ. އަނެއްކޮޅުން ރުހައިލު އާއި ފަޒަލް އެކަނި އައީތީ އެކަމާ ސުވާލު ވެސް އުފެދުނެވެ. ވީގޮތެއް އަހާލަން ބޭނުންވި ނަމަވެސް ރުހައިލު ފެނުމާއިއެކު ވަގުތުން އަރުފީނު މޫޑު ގޯސްވެއްޖެއެވެ.

ނިދަން ވަން ރުހައިލު އާއި ފަޒަލް ކޮޓަރީގައި ގޭމް ކުޅެން ތިއްބެވެ. އެހެން ތިބިއިރު ފަޒަލްގެ ކައިރީގައި ކާޕެޓުމަތީ ބާއްވާފައި އޮތް ފޯނު ދިއްލުނު ތަން ފެނި ރުހައިލަށް އެ ދިމާލަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. އެއާއެކު އޭނާގެ ސިކުނޑިން ތަންކޮޅެއް ދިއްލުނު ކަހަލައެވެ. ފަޒަލްގެ ފޯނު ނަގާ ބަލާލީ އެއަށް އަރުފީނުގެ މެސެޖެއް އައިސްފައި އޮތުމުންނެވެ.

“ހާއި، ފަޒަލްމެން އައިއިރު ޝާރުދާ ދައްތަ ނައީ ކިހިނެއްވީ؟ މާދަމާ އެންމެން އެއްކޮށްތަ ޔުނިވަރސިޓީއަށް ދަނީ؟” އަރުފީނު ކުރި ވައިބަރ މެސެޖުގައި އޮތެވެ.

“ތިކުއްޖާ ދެކޭ ހިތުން ނުހުރެވިގެން އަވަހަށް މިއައީ، ރަނގަޅެއްނު ދޯ، ނުނިދާ ތިއޮތީ އަހަރެން މަތިން ހަނދާންވާތީތަ؟” ލާނެތް ހިންޏެއް އައިސްފައި އިނދެ ރުހައިލު މެސެޖެއް ލިޔެފައި ފޮނުވާލިއެވެ.

“ވާޓް…. އަރ ޔޫ އޯކޭ” އަރުފީނު ރައްދު ފޮނުވިއެވެ. އެއާކު “ފްލައިންގ ކިސް” އައިކޮންތަކެއް ރުހައިލު ފޮނުވާލުމާއިއެކު ރަތް ފިނިފެންމަލެއްގެ ފޮޓޮއެއް ވެސް ފޮނުވާލިއެވެ. އަދި ފުލުފުލުން ލޯބީގެ އެކިއެކި “އައިކަން”ތައް ފޮނުވާލިއެވެ.

ހައިރާންވެފައި އިރުކޮޅަކު ފޯނަށް ބަލަހައްޓައިގެން އަރުފީނު އޮތެވެ. ފަޒަލްގެ މެސެޖުތަކަށް ޖަވާބެއްދޭން ނޭނގިފައެވެ. އެންމެފަހުން އެނދުގެ އެއްފަރާތުގައި ހުރި ކުޑަކަބަޑުގެ މަތީ ފޯނު ބާއްވާލާފައި އަރުފީނު އެނދުގައި ހަމަޖެހިލީ ނިދާލަންވެގެންނެވެ. އޭނާ ނިންމީ ފަޒަލް ސަމާސާ ކުރަނީ ކަމަށެވެ. ފަޒަލްގެ ފަރާތުން އެކަހަލަ އިޝާރާތެއް ވެދާނޭކަމަށް ސިކުނޑި ޤަބޫލުނުކުރާތީއެވެ.

އާދައިގެ މަތީން ހެނދުނު ޔުނިވަރސިޓީއަށް ދިއުމަށްޓަކައި އަރުފީނު ބޮޑުކޮޓަރިން ނިކުން އިރު ގޭޓާ ދިމާލަށް ފަޒަލް އާއި ރުހައިލު ދާތަން ފެނުނެވެ. އެއާއެކު ކުއްލިއަކަށް އަރުފީނުގެ ހަނދާނަށް އައީ ރޭގައި ފަޒަލް އޭނާއަށް ފޮނުވި މެސެޖުތަކެވެ. އޭގެ މާނައަކީ ކޮބައިބާއޭ އަރުފީނުގެ ހިތަށް އެރިއެވެ. އެ ޚިޔާލުތަކަށް ގެއްލިފައި ހުރެ އަރުފީނު އައިސް ކާރުގެ ކުރީ ދޮރުފަތް ހުޅުވާލާފައި އެރިއެވެ. އޭނާ އެރުމުން ފާރޫޤު ކާރު ދުއްވާލައިފިއެވެ. ކާރުގައި އިން އަރުފީނަށް ދޭތެރެއަކުން ކުރިމަތީގައި ހަރުކޮށްފައި ހުރި ލޯގަނޑުކޮޅުން ފަހަތުގައި އިން ފަޒަލްއަށް ބަލާލެވެއެވެ. ސީޓުގެ ފަހަތަށް ވާގޮތަށް ކަނދުރާ އެލުވާލައިގެން ދެލޯ މަރާލައިގެން ހަށިގަނޑު ސީޓުގެ ތެރެއަށް ދޫކޮށްލައިގެން އޭނާ އިން މަންޒަރު އަރުފީނަށް ފެނެއެވެ. ހީވަނީ އަދިވެސް ނިދީގެ އަސަރު ނުފިލަނީ ހެންނެވެ. އޭނާއާ ޖެހިގެން އިން ރުހައިލު އިނީ ކާރުގައި އިން އިރު ވެސް އޭނާގެ އަވިއައިނު އަޅާލައިގެންނެވެ. ފޯނާ ކުޅެމުންދިޔައިރު އޭނާގެ ނިދީގެ އެއްވެސް އަސަރެއްނެތްކަން އެނގެހާވެއެވެ. އެހެން އިނދެ ދޭތެރެއަކުން ކުރިއަށް ބަލާލާކަން އަރުފީނަށް ފާހަގަވިއެވެ.

* * * *

އެއްދިމާލަކަށް ނަޒަރުހުއްޓާލައިގެން އޮތް ސޮފޫރާގެ ދެލޯ ވަނީ ރޮއެރޮއެ ދުޅަވެފައެވެ. އޭރު ވެސް އޭނަގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވޭވޭ ހުއްޓެވެ. މަގަތުގައި އޮތް އާތިޤާ ތެދުވެގެން ދިޔައިރު ވެސް އޭނާ އޮތީ އެހެންނެވެ. އާތިޤާ އަނގައިން ބުނުމެއްނެތި ފަތިސް ނަމާދުކޮށްލައިގެން ކޮޓަރިން ނިކުތުމުން ސޮފޫރާ ވަކިން ދެރަވިއެވެ. އޭނާގެ މަންމަ ވާހަކަނުދެއްކީ ކީއްވެކަން އޭނާއަށް އެނގޭތީއެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *