HEEVEY KALAA VAAHEN [EP-07]

( ހީވޭ ކަލާ ވާހެން، މި ވާހަކައަކީ 8 މެއި 2016 އިން 29 ޑިސެމްބަރ 2017 އަށް ޖުމްލަ 89 އެޕިސޮޑްގެ ގޮތުގައި ވީނިއުސްގައި ޝާއިރު ކުރެވުނު ވާހަކައެއް. )

“ކިހިނެއްވީ؟ އޭނާ ކަމުނުދަނީތަ؟” ދޮންމުޙައްމަދު ދީދީ ނޮޅި އަނގަޔާއި ދުރުކޮށްލާ ދުންތައް އެއްފަރާތަށް ދޫކޮށްލާފައި ވާހަކަދެއްކިއެވެ.

“އެއީ ރަނގަޅު ސޮރެއް، އެކަމަކު އެމަންޖެ މިހާރު ބައިވެރިއަކު ހޯދައިގެން އުޅެނީ. އަހަންނަށް ދީދީ ގާތު އެ ވާހަކަ ނުބުނެވިފައި އޮތީ” ކުށްވެރިއަކުހެން މަޑުމަޑުން ސަފިއްޔާ ބުނެލިއެވެ. އޭރު ވެސް އުނދޯލީގެ އެއްފަރާތުގައި އަރީޝާ އިށީނދެގެން އިސްޖަހާލައިގެން އިނެވެ.

“އަސްތާ! ހާދަ ދެރަގޮތެކޭ ތިވީ… އަހަންނަށް ވެސް ވަރަށް ކަމުދާ ޚިޔާލެކޭ އަބްދުﷲ ގާތު ބުނެވިއްޖެ” ދޮންމުޙައްދު ދީދީ ބުންޏެވެ.

“ބައްޕައަށް ފެނިލައްވާ ގޮތެއް” ހިތަށް ކެތްނުވިޔަސް ބައްޕައާ ދެކޮޅަށް ތެދުވާނެ ހިތްވަރެއް ނެތަތީ އަރީޝާ ބުންޏެވެ. އޭނާއާއި ރަޚަބްގެ ގުޅުން ވަނީ ދުރުނުވެވޭނެ ވަރަށް ބަދަހިވެފައެވެ. ނަމަވެސް ބައްޕަގެ ނިންމުމަކަށް ފާޑެއްކިޔާކަށް އަރީޝާއަކަށް ނުކެރޭނެއެވެ.

ދޮންމުޙައްމަދު ދީދީއާއި ސަފިއްޔާގެ ހަޔާތުގެ ގަހުގައި މޭވާއެއް އެޅީ ވަރަށް ދިގު އިންތިޒާރަކަށްފަހުއެވެ. އެތައް ނާކާމިޔާބީއަކަށް ފަހުއެވެ. އޭރަކީ ޑަކްޓަރަށްވުރެ ކަންވެރިކަމަށް އިތުބާރު ކުރި ޒަމާނެވެ. އެހެންވެ ދޮންމުޙައްމަދު ދީދީ ވެސް އެހީތެރިކަން ހޯދީ އަބްދުﷲގެ ބައްޕަގެ ގާތުންނެވެ. އެ ޢާއިލާއަކީ ފެށުނީއްސުރެން ކަންވެރިކަމުގެ އިލްމުގައި އެކިއެކި ކަންކަން ކުރަމުން އަންނަ ބައެކެވެ. އެކަމުން ދޮންމުޙައްމަދު ދީދީއަށް ފައިދާކުރިއެވެ. ﷲގެ އިރާދަފުޅާއެކު ކުރިކަންތަކުން އެ ދެމަފިރިންނަށް އަރީޝާ ލިބުނީއެވެ. ނަމަވެސް އެ ދަރިފުޅަށް ފަހު ދެނެއް ކާމިޔާބެއް ނުވިއެވެ. އެހެންވެ ލިބުނު ހަމައެކަނި ދަރިފުޅު ގެންގުޅެން ޖެހުނީ ވަރަށް ބަލައިގެންނެވެ. ޢާއިލާގައި އެއްބަނޑު އެއްބަފާ ކުއްޖަކު ނުހުންނަނީ ކީއްވެކަން އަރީޝާއަށް ވެސް އެނގެއެވެ. ހޭޖެހެން ފެށުމުން އެ ކަހަލަ ސުވާލުތައް ކުރުން އޭނާ ހުއްޓާލީ އެހެންވެއެވެ. އަރީޝާގެ ފަރާތުން އޭނާގެ މައިންބަފައިން ކުރާ އުންމީދުތަކަކީ ކޮބައިކަން އޭނާ ވަރަށް ރަނގަޅަށް ދަނެއެވެ. އެހެންވެ ކައިވެނި ކުރަން ނިންމިއިރު އޭނާ ހޯދީ ހުރިހާ ގޮތަކުން ވެސް ރަނގަޅު ޒުވާނެކެވެ. ރަޚަބްގެ ގައިގާ އަރީޝާ ބޭނުންވާ ހުރިހާ ސިފައެއް ހުއްޓެވެ. އަޖައިބުވާހާ ފުރިހަމައީއެވެ. އެކަމާ ސުވާލުކުރުމުގެ ބަދަލުގައި އަރީޝާ ޝުކުރުވެރިވީއެވެ. އެ ފަދަ ޒުވާނަކު އޭނާގެ ހަޔާތަށް އައީތީއެވެ.

އަރީޝާގެ ރުހުމާ ދެކޮޅަށް އެއްކަމެއް ވެސް ކުރާކަށް ދޮންމުޙައްމަދު ދީދީ ބޭނުމެއްނުވެއެވެ. އެހެންވެ އޭނާ އަރީޝާގެ ގާތުން އެދުނީ ރަޚަބްއާ ބައްދަލުކުރަން ބޭނުންވާ ކަމެވެ. އެހެންވީމާ ކޮންމެވެސް ވަގުތަކުން ރަޚަބް ގާތުގައި ބުނެގެން އެގެއަށް ދޮންމުޙައްމަދު ދީދީ ބައްދަލުކުރުމަށް ގެންނަން ބުންޏެވެ. ބައްޕައަކީ ގޮތުގައި ހިފަހައްޓާ ހަރުދަނާ އުސޫލުތަކެއް ގެންގުޅޭ މީހެއްކަން އަރީޝާއަށް އެނގެއެވެ. އެހެންނަމަވެސް އަރީޝާގެ އުފަލަށްޓަކައި އެ ބައްޕަގެ ނިންމުން ބަދަލުކުރަން ޖެހިއްޖެނަމަ ބަދަލުކުރާން ވެސް ތައްޔާރަށް ހުރިކަން އެނގުމުން އަރީޝާގެ ހިތުގައި މައިންބަފައިންނަށްޓަކައި ދެވުނު ދަރަޖަ އިތުރަށް މަތިވެރިވެގެން ދިޔައެވެ.

ވީ އެންމެ އަވަހަކަށް ރަޚަބްގެ ގާތުގައި ހުރިހާ ވާހަކައެއް ދައްކަން އަރީޝާ ބޭނުންވިއެވެ. އެހެންނަމަވެސް ރަޚަބްއާ ބައްދަލުވާން ހިތަށް އަރާ އިރަށް ކޮންމެވެސް ގޮތަކުން މަގުމަތިން ދެ މީހުން ބައްދަލުވެއެވެ. އެހެންވެ ރަޚަބް އުޅޭ ގެއަކީ ކޮބައިކަމެއް އަހާލާކަށް އަރީޝާގެ ހަނދާނެއް ނުހުރެއެވެ. ރަޚަބްގެ ފަރާތުން އޭނާގެ ޢާއިލާއެއް އޮންނަކަށް އެނގެއެވެ. މަންމައާއި ބައްޕަ ވެސް ދުނިޔޭގައި އެބަތިބިކަން ވެސް އެނގެއެވެ. ނަމަވެސް ރަޚަބް އަބަދުވެސް ބޭނުންވަނީ އަރީޝާއާއެކު އެކަހެރިކޮށް އުޅޭށޭވެ. އެއީ ކީއްވެކަމެއް އަރީޝާއަކަށް ނުވިސްނެއެވެ. އަރީޝާއަށް އޭނާގެ މައިންބަފައިން ދޫކޮށްލާފައި ވަކިން ގެއެއް އަޅައިގެން އުޅެވޭކަށް ނެތެވެ. އޭނާގެ ތިބިހާ ވެސް ބަޔަކީ މިއަދު މުސްކުޅިވެފައިވާ މައިންބަފައިންނެވެ.

ޖެހިގެން އައި ދުވަހު ސަލީމާއާއި އެހެން އެކުވެރިން އަރީޝާ ހޯދަން އެގެއަށް އައެވެ. މިބައިމީހުން އައީ ހުކުރު ދުވަހު ރަށުގެ ތުނޑިއާ ދިމާއަށް ދަތުރުދާން ރާވައިގެން އަރީޝާ ވެސް އެކަމުގައި ބައިވެރިކުރާށެވެ. ނަމަވެސް ފުސްމޫނު ދައްކަމުން އައި އުޑުމައްޗަށް ބަލާލާފައި ސަފިއްޔާ މާ ރުހޭ ކަމަކަށް އެކަން ނުވިއެވެ.

“ދަރިފުޅާ، އެއީ ހާދަ ދުރޭ… މީހަކު ވެސް އެހިސާބުން ނުފެންނާނެ… ކަލޭމެން ހުސް އަންހެންތަކެއް ތީ… ކަމެއް ދިމާވާނީ ބުނެފައެއްނޫން. ވަރުގަދަ ކޮޅިގަނޑެއް އަންނަން އުޅޭކަމުގެ ހަނާއަޅާލައަޅާލާ އުޑުމަތި އެ އޮންނަނީ، އެހިސާބަކީ ވަންނާނެ ގެއެއް ހުރި ތަނެއް ވެސް ނޫން”

“މަންމާ! އެހިސާބަށް މިހާރު މީހުން ދަތުރުދާން ފަށައިފިއޭ… މާހިރާގެ ފިރިމީހާއާއި ވަހީދާގެ ފިރިމީހާ ވެސް ދާނެ” އަރީޝާ ބުންޏެވެ. ހިތްހަމަނުޖެހިފައި ހުރެ ވެސް ސަފިއްޔާއަށް ޖެހުނީ އަރީޝާގެ އެކުވެރިންގެ ބަހަށް އިތުބާރުކުރާށެވެ. އެންމެން ވެސް މިހާރު ތިބީ މީހުންނާ އިނދެ ހަރު އަންހެނުންނަށް ވެފައިކަން އެނގޭތީއެވެ. ނުބައިމަގަކުން ދާން އެމީހުން އަރީޝާއަށް ގޮވާނުލާނެކަން ސަފިއްޔާއަށް ޔަޤީންވަނީ ކަންނޭނގެއެވެ. ނަމަވެސް ފަރުދާގެ އަނެއްފަރާތުގައި އަރީޝާ އެކަހެރިކޮށް ލޯބީގެ ގުލިސްތާނުގައި ފަރިވަމުން ފޮޅެމުންދާކަމުގެ ކުޑަ ވެސް ހިލަމެއް ސަފިއްޔާއަކަށް ނުވެއެވެ.

އެންމެން އެކުގައި ދަތުރު ދިޔައީ ހެނދުނުއެވެ. ކާޅާއި ވާލުގެ އިތުރުން އެހެން ދޫނިތައް ގޮވާއަޑު ފަޒާގައި ހަރުލާފައި ވެއެވެ. އުޑުމަތި ބައްދާފައިވަނީ ބޯވިލާތަކުންނެވެ. ތެތްފިނިކަން އެކުލެވިފައިވާ ރޯޅިތައް ޖެހެމުންދިޔައެވެ. ރުއްތަކުގެ ފަން ހެލިލާ އަޑު އިވިއިވި ހުއްޓެވެ. މާހިރާގެ ފިރިމިހާއާއި ވަހީދާގެ ފިރިމީހާ ވެސް ދަތުރުގައި ބައިވެރިވިއެވެ. ހަސީނާއާއި ސަލީމާއާއެކު އަރީޝާ ވެސް އުޅުނީ ދެން އުޅުނު ޖޯޑުތަކަށް ވަގުތު ދޭންވެގެންނެވެ. ހޫނު ސައި އަޅާފައި ހުރި ކޫލަރުތަކުން ތަށިތަކަށް ސައިއަޅާން އަރީޝާ އުޅުނެވެ. ސަލީމާއާއި ހަސީނާ މަސްހުނި ތަށްޓާއި ރޮށިތަށި ހިފައިގެން ކުނާތައް އަޅައިގެން ތިބި ވަހީދާއާއި މާހިރާގެ ގާތަށް ދިޔައެވެ. މާހިރާގެ ދަރިފުޅު ވެއްޔާ ކުޅެން އިނެވެ.

“ހަސީނާ! ކަލޭ އިށީނދެބަލަ! އަހަރުމެން ހުރިހާ ކަމެއްކޮށްފާނަން، މާ ހެލިފެލިވެވޭ މީހަކަށްވެގެން މީނާ އުޅޭނެ. ފަރީދު ފުރައިގެން ދިޔައީ ހަސީނާ ރަނގަޅަށް ބަލައްޗޭ ކިޔާފައި، ބަނޑުގައި ތިއޮތް ދަރިފުޅަށް ކަމެއްވާކަށް އަހަރުމެންނެއް ވެސް ނޭދެމު” ވަހީދާ ތެދުވެގެން އައިސް ހަސީނާގެ އަތުގައި އޮތް މަސްހުނި ތަށި އަތުލަމުން ބުނެލިއެވެ. އޭނާގެ ވާހަކައާ މާހިރާއާއި ސަލީމާ ވެސް އެއްބަސްވިއެވެ.

އެންމެން އެކުގައި މަޖާ ވާހަކައިގައި ތިބެ ސައިބޮއެ ނިންމިއެވެ. މާހިރާގެ ދަރިފުޅު މޫދަށް އެރޭ ހިތުން އުޅޭތީވެ އޭނާގެ ފިރިމީހާ ދިޔައީ ދަރިފުޅު ގޮވައިގެން މޫދަށެވެ. ވަހީދާގެ ފިރިމީހާ ވެސް ތެދުވެގެން ހިނގައިގަތީ ވަހީދާއަށް އޭނާގެ އެކުވެރިންނާއެކު ވާހަކަދައްކަން ފުރުޞަތު ދީފައި ކަހަލައެވެ. އެއާއެކު އަންހެނުންތަކުގެ ތެރޭގައި އެކި ވާހަކަތަކުން ކުރިފަޅަން ފަށައިފިއެވެ. އެންމެ ފަހުން މާބަނޑުވުމުގެ ވާހަކަތައް ދެކެވެން ފެށިއެވެ.

“އަހަންނަށް ނުވެސް އެނގޭ ބަނޑުބޮޑުވިކަން ވެސް” މާހިރާ އިނދެފައި ބުންޏެވެ.

“އަހަންނަށް އެނގުނު، އެހެންނު ވާނީ… ކޮންމެ މަހަކު ބަރާބަރަށް ވަމުން އައިސް އެއްމަސް ވެސް ވެއްޓުނީމާ ދެން އެވީ ޓެސްޓުކުރާކަށްނު، ސިއްޙީ މަރުކަޒުން އެ ދޭ ޕެކެޓު ގަނެގެން ގެނެސް އެމީހުން ބުނިގޮތަށް ބެލިއިރު، ބަލަ! ދެ ރޮނގުބުރި ވެސް ހުރީ ފެންނަން” ހަސީނާ އިނދެފައި ބުންޏެވެ.

“ސަލީމާ، ކޮބާ ކަލޭ ދަރިއަކު ހޯދުމުގެ މަޝްރޫޢު ކިހާ ހިސާބަކަށް ހިނގައްޖެއްތަ؟ އާދަނު ނޫޅޭ ދޯ ރަށަށް އަންނާކަށް” ވަހީދާ އެހިއެވެ.

“ނޫނޭ. މިފަހަރު ބުނެފި ޗުއްޓީ ނުދީފިއްޔާ ވަޒީފާއިން ވަކިވެގެން ވިޔަސް ރަށަށް އަންނާނަމޯ… ވަހީދާ ވެސް ތި އިނީ މިހާރު އަހަރުމެންގެ ބަޔަށް ވަދެއެއްނު، ކޮންއިރަކުންތަ ކަލޭ އެކަހަލަ ޚިޔާލެއް ކުރަނީ” ސަލީމާ ބުންޏެވެ.

“އަހަރެން… އަހަރެން ވަކި ރޭވުމެއް ނުރާވަން… މިހެން އުޅެނިކޮށް ލިބުނިއްޔާ ލިބުނީ… ލަހެއް ފަހެއް ދެން އެކަމަށް އޮވެގެން ނުވާނެއެއްނު، އިރާދައިގެ ހުރި އެއްޗެއް ކޮންމެ މީހަކަށް ވެސް ދެއްވާނެ” ވަހީދާ ބުނެލިއެވެ.

އެންމެންގެ ވާހަކަތައް އަޑުއަހަން އަރީޝާ އިނީ ހިމޭނުންނެވެ. ނަމަވެސް އޭނާގެ ހިތާއި ސިކުނޑިވަނީ އުދާސްކަމެއްގެ ތެރޭގައެވެ. އެކުވެރިން އެމީހުންގެ ތަޖުރިބާ ޚިއްޞާ ކުރަމުން ދިޔައިރު އެ ތަޖުރިބާގެ އަލީގައި އަރީޝާއަށް ވެސް ކަމެއް ސާފުވެއްޖެއެވެ. ކުރިން ހީވެފައި އޮތް ހީވުމަކީ ގޯހެއްކަމުގައި ޟަމީރު ޤަބޫލުކުރަނީއެވެ. ނޭނގޭ ބިރުވެރިކަމެއް ހިތަށް ވެރިވެގެން ދިޔައެވެ. ނަމަވެސް އެ ހުރިހާ އަސަރެއް މޫނުމަތިން ފާޅުވިޔަ ނުދީ ސިއްރުކުރަމުން އަރީޝާ ދިޔައެވެ. މަޑުމަޑުން އިންނަން ފެށުމުން އެކުވެރިންނަށް ހީވީ އެމީހުންގެ މައުޟޫޢުގެ ސަބަބުން އަރީޝާ ބާކީވީ ކަމުގައެވެ. އެހެންވެ އެހެން ދިމާއަކަށް ވާހަކަ އަނބުރާލައިފިއެވެ.

މެންދުރު ކައްކަން އުޅެނިކޮށް ވާރޭ ކަނި ޖަހާލައިފިއެވެ. އެއާއެކު އަތްމަތި އަވަސްކުރަން އެންމެން އުޅެންފެށިއެވެ. ނޫޑުލިސް ތެލި ކެކުނީ ކިރިޔާއެވެ. ދެ ފިރިހެނުން ވެގެން އެހިސާބުގައި ބައުވެގެން އެއްލާލާފައި އޮތް ސަތަރިގަނޑެއް ދަމާފައި ގެނެސް ވެއްޓިފައި ހުރި ހިކިފަންތަކުގެ އެހީގައި ކައިރީ ހުރި ދެ ރުކާލާ އައްސާލިއެވެ. އެގޮތުން ކޮންމެވެސް ވަރަކަށް ވެހިގަތް ވާރޭއިން ތެލިތަށި ސަލާމަތްވިއެވެ. ގެނައި ދަބަސްތައް ވެސް ލީ އެ ސަތަރިގަނޑު ދަށަށެވެ. ވާރެއާ އެންމެން ތެމި ފޯވުމުން ނިންމީ އިހަށް މޫދަށް އެރެން ދާށެވެ. އަރީޝާ ވެސް އެންމެންނާއެކު ގޮސް މޫދަށް އެރުނެވެ. މޫދުގައި އުޅެނިކޮށް އޭނާގެ ކަންފަތުގައި މީހަކު އޭނާގެ ނަމުން ގޮވާލި އަޑު ޖެހުނެވެ. ވަގުތުން ވަށައިގެން ހޯދާލެވުނެވެ. އޭރު އަތިރިމަތީގައި ރަޚަބް ހުއްޓާ ފެނުނެވެ.

“އޭތް! ކޮންތާކަށް؟” އަރީޝާ މޫދުން އަރާން އުޅެން ފެށުމުން ސަލީމާ އަހާލިއެވެ.

“ކަލޭމެން ތިބޭ. އަހަރެން މި އަންނަނީ” އަރީޝާ ބުނެލިއެވެ.

އިސްތަށިގަނޑު އެއްފަރާތްކޮށްލަމުން އަރީޝާ އެއްގަނމަށް އަރައިގެން އައެވެ. މޫދުގައި ތިބި މީހުންނަށް ފެނުމުގެ ކުރިން އަވަހަށް އެއްފަރާތް ވެލީ އެ މީހުންނަށް ރަޚަބްއާ ބައްދަލުކުރާކަން ނޭންގުމަށެވެ.

“ކިހިނެއް އެނގުނީ މިހިސާބަށް އަންނަން” އަރީޝާ ސިއްރުން ކަހަލަ ގޮތަކަށް ރަޚަބްއަށް ބުންޏެވެ.

“ހޯދީމަ އެނގުނީ… ހިނގާބަލަ އަހަންނާއެކު، މިއަދު މީ ކޮންދުވަހެއްކަން އެނގޭތަ؟” ރަޚަބް އައިސް އަރީޝާގެ ދާދި ގާތުގައި ހުއްޓިލަމުން ބުންޏެވެ.

“ރަޚަބް! އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފައި އެބައޮތް” ރަޚަބްއަށް ފުރަގަސްދީގެން ހުރެ އަރީޝާ ވާހަކަދެއްކިއެވެ.

“މިއަދަކީ އަހަރުމެން ދެމީހުން ބައްދަލުކުރާތާ ތިންމަސްވީ ދުވަސް. އަރީޝާ އަބަދުވެސް ދުވަސް ގުނަމެއްނު. އެކަމަކު މިފަހަރު ހަނދާންނެތުނީތަ؟ ކީއްވެތަ ތި ހުންނަނީ؟ އަހަންނާއެކު ނުދާންވެގެންތަ؟ ތިހެން ހުންނަންޏާ އުރާލައިގެން ހިނގައިދާނަން” ރަޚަބް އައިސް އަރީޝާގެ އުނަގަނޑުގައި ދެ ފަރާތުން ހިފާލިއެވެ. އޭނާއަށް އަރީޝާ ބުންނަން އުޅޭ ވާހަކަ އެއްވެސް ވަރަކަށް މުހިންމެއްނޫނެވެ. އަރީޝާއަށް ވެސް ރަޚަބްގެ ބީހުން އިހުސާސްވުމުން އެހެން އެއްވެސް ކަމެއް މުހިންމެއް ނުވިއެވެ.

ފޭލިގެއެއްހެން ހަދާފައި ހުރި ތަނެއްގެ ތެރެއަށް އަރީޝާ ގެނެސް ވެއްދިއެވެ. އޭރު ވެސް ބޯކޮށް ވާރޭ ވެހެމުންދިޔައެވެ. އަރީޝާގެ ހަށިގަނޑުން ހީ ފިލާ ހޫނުކަން އިހުސާސްވުމަށް ގިނައިރެއް ނުނެގިއެވެ. ފުރޮޅެމުންދިޔައިރު ފޮތިގަނޑުގެ ދަށުން ފަތްތަކާއި ބިންގަނޑުގެ ފިނިކަން އިހުސާސްވެއެވެ. ނަމަވެސް ރަޚަބްއާ ޖެހުމުން އަރީޝާއަށް އެއްވެސް ކަމަކާ ވިސްނުން ފޯރުވުމުގެ ޤާބިލުކަން ނެތިދެއެވެ.

“ރަޚަބް، ދެން އަހަރެން ދައްކާ ވާހަކަ އަޑު އަހާލަދީބަލަ” ރަޚަބްގެ އަތުތެރޭގައި އޮވެ އަރީޝާ ބުނެލިއެވެ. އޭރު ރަޚަބްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެފައި ވެއެވެ.

“އާން! ދެން ބުނެބަލަ” ލުއި ގޮތަކަށް ރަޚަބް ހީނލާފައި ބުންޏެވެ.

“ބައްޕަ އަހަރެންގެ ކައިވެނި ކުރަން ހަމަޖައްސައިފި، އެކަމަކު އަހަރެން ބުނިން ރަޚަބްގެ ވާހަކަ. ބައްޕަ އެދުނީ ރަޚަބް އަހަރުމެންގެއަށް އައުމަށް… ބައްޕައާ ބައްދަލުކުރުމަށް… އަހަރުމެން ދެމީހުން އިންނަން ބައްޕަ ޤަބޫލުވާނެ”

“އަރީޝާ. އަހަރެން މިހާރު ވެސް މިއުޅެނީ އަރީޝާއާ ކައިވެނިކޮށްގެންނޭ” ރަޚަބްގެ ސަމާސާ ގޮތް ކެނޑުނެވެ.

“ރަޚަބް. ކައިވެނި ކޮށްގެން އުޅޭމީހުން މިހެންތަ އުޅެނީ… ނޫނީ ރަޚަބް އަހަރެންގެ ބޭނުން ހިފާލަނީތަ؟” އަރީޝާ ތެދުވިއެވެ. އޭނާއާއެކު ރަޚަބް ވެސް ތެދުވިއެވެ.

ހެދުން ރަނގަޅުކުރަމުން އަރީޝާ އެއްފަރާތަށް ޖެހިލިއެވެ. ރަޚަބް އިނީ އަރީޝާގެ ހަރަކާތްތަކަށް ބަލާށެވެ. އޭނާ ވިސްނާ ކަހަލައެވެ. އެހެން އިންދާ އަރީޝާ ވާހަކަދެއްކިއެވެ.

“އަހަންނަށް ހީވަނީ އަހަރެން ބަނޑުބޮޑުހެން. ރަޚަބް އަހަންނަށް ތި ހަދާ ގޮތްގޮތުން އަހަރެން ބަނޑުބޮޑު ނުވައެއް ނުހުންނާނެއެއްނު… ވިސްނާލަބަލަ، މިކަން ރަށުތެރެއަށް އެނގިއްޖިއްޔާ ވާނެގޮތް ރަޚަބްއަށް އެނގޭތަ… އަހަރެން މައިންބަފައިން…” އަރީޝާ އިސްޖަހާލިއެވެ.

“ދެން ނޫން ރަޚަބް… މިވަގުތު އަހަރެން ބޭނުމެއްނޫން” ކުއްލިއަކަށް ރަޚަބް އައިސް އަރީޝާގެ ގައިގާ އޮޅުލައިގަނެއްޖެއެވެ. އަދި އޭނާ ބާއްވަން މަސައްކަތް ކުރިއެވެ.

ހާސްވެފައި ހުރެ އަރީޝާ ބޭއްވުމާއެކު އޭނާގެ ބަނޑުގައި ރާޚަބް އަތްލިއެވެ. އަރީޝާ ހީކުރީ ފަދަ ޢަމަލެއް ރަޚަބްގެ ފަރާތުން ނުފެނުނެވެ. އެހެންނަމަވެސް ރަޚަބް ކަންތައް ކުރަން ފެށިގޮތުން އަރީޝާ ހައިރާންވިއެވެ. އޭނާ އަރީޝާގެ ދަށްބަނޑުގައި އެކިގޮތްގޮތަށް އަތްހޭކުމަށްފަހު އަރީޝާގެ ފުރަގަހުން އުނަގަނޑު މަތީގައި ވެސް ރަޚަބް އަތްލިއެވެ. ހީވަނީ ޑަކްޓަރަކު އޭނާގެ ބަލިމީހާގެ ހަށިގަނޑު ބަލަމުން ދިޔަހެނެވެ. އޭނާ ބަލާނޭ ގޮތަކަށް ބެލުމަށްފަހު އަރީޝާއަށް ނަޒަރު ހުއްޓާލިއެވެ. އަދި ލޯތްބާއެކު އެ މޫނުގައި ރަޚަބްގެ ދެއަތުން ހިފާލިއެވެ.

“އަހަރުމެންނަށް ކުއްޖަކު ލިބެން އުޅެނީ” ރަޚަބްގެ ހާސްވެފައިވާ މޫނުމަތިން އުފާވެރިކަން ފައުޅުވިއެވެ. ނަމަވެސް އަރީޝާ އިނީ ކަންބޮޑުވެފައެވެ. އަނެއްކޮޅުން ރަޚަބްއަށް އެހާ ޔަޤީންކަމާއެކު ބުނަން އެނގުނު ގޮތަކާ މެދު ވެސް އަރީޝާ ވިސްނިއެވެ.

“މިކަން އަހަރެންގެ މައިންބަފައިންނަށް އެނގިއްޖެއްޔާ ވާނެގޮތް ރަޚަބްއަށް ނޭނގޭތަ، މީ އުފާވާންވީ ވަގުތެއްނޫން… އަހަރުމެން ދެ މީހުން ކައިވެނިނުކޮށް މިހެން ތިއްބާ ދަރިއަކު ލިބޭކަށް އަހަރެން ބޭނުމެއްނޫން. ރަޚަބް… ހެޔޮނުވާނެ، އަހަރެންގެ ބައްޕަގެ ގާތަށް އައިސް އަހަރުމެން ދެ މީހުންގެ ކައިވެނީގެ ވާހަކަދައްކާ… އޭރުން ދެން ވެސް ވާން މިއުޅޭ ބަދުނާމުން މިންޖުވެވޭނީ” އަރީޝާގެ ވިސްނުމަށް އައިހާ އެއްޗެއް ކިޔާލިއެވެ.

“އަރީޝާ ހާސްނުވެބަލަ، އަހަރެން ހުރިހާ ކަމެއް ހަމަޖައްސާނަމޭ” އޯގާތެރިކަމާއެކު ރަޚަބް ބުންޏެވެ. އިހުނަށްވުރެ ވެސް ރަޚަބްގެ ހިތުގައި އަރީޝާގެ މައްޗަށް އޮތް ލޯބި ފުންވެފައިވެއެވެ.

ރަޚަބްގެ ވާހަކަތަކަށް އިތުބާރުކުރެވެނީ ކީއްވެކަމެއް އަރީޝާއަކަށް ނޭނގެއެވެ. ރަޚަބްއާ ބައްދަލުވާ ކޮންމެ ފަހަރަކު އޭނާގެ ހަށިގަނޑާއި ނަފްސު ވެސް އޭގެ އަމިއްލަ ޒާތުން ވީއްލިގެން ދާހެން ހީވެއެވެ. ރަޚަބްގެ އެދުމާއި ދެކޮޅު ހަދާނޭ ބާރެއް ނުހުންނަނީއެވެ. ރަޚަބް ފާޅުކުރާ ލޯބިވެތި ބަސްތަކުން އަރީޝާގެ ހިތް ފުރިދެއެވެ. އޭނާގެ ހޫނު ބީހުންތަކުން ޢަރާމާއި އުފާ ހާޞިލުވެއެވެ. ދުނިޔެމަތިން ހަނދާންނެތި މުޅިން އައު ޢާލަމަކަށް އޭނާއަށް ދެވޭ ފަދައެވެ. މިފަހަރު ވެސް އަރީޝާއަށް ލިބިފައިވާ ހާސްކަން ފިލުވާލާކަށް ރަޚަބްއަށް މާގިނަ ކަމެއް ކުރާކަށް ނުޖެހުނެވެ. ދެންފެންނަންފެށީ ރަޚަބްއާ މެދު ރުހި ޤަބޫލުވެފައި އިން އުފާވެރި ޖިންސުއްލަޠީފެކެވެ. ކަޅުކަންގަދަ ދިގު އިސްތަށިގަނޑުން ބައެއް ކޮނޑާދިމާލުން ކުރިމައްޗަށް ވައްޓާލައިގެން އިންއިރު އެ ރީތި މޫނުން ބައެއް ވަނީ އިސްތަށިގަނޑުން ފަރުދާކޮށްލެވިފައި ވެއެވެ. ރަޚަބްގެ ސަމާސާތަކުން އަރީޝާގެ ރީތި ދެ ތުންފަތުގެ ރަތްކަން އިތުރުވެފައިވެއެވެ. ރަކިވެފައި އިން ފަދަ ގޮތަކަށް ބެލުން ތިރިކޮށްލައިގެން އިންއިރު އަރީޝާގެ ދިގު އެސްފިޔަތައް އޭނާގެ ނަޒަރު ފޮރުވާލުމަށް އެހީތެރިއަކަށް ވިއެވެ.

ވާރޭ ތުނިކޮށްލުމާއެކު ފޭލިގެ ވައްތަރުގެ ތަނުން ނުކުންނަން އަރީޝާ ތެދުވިއެވެ. އެވަގުތު އޭނާގެ އަތުގައި ރަޚަބް ހިފިއެވެ. އަދި ކުރިން ނުކުންނާނީ އޭނާ ކަމުގައި ބުންޏެވެ. އެއީ އަރީޝާއާ ބައްދަލުކޮށްފިނަމަ ރަޚަބް ކޮންމެ ފަހަރަކު ވެސް ކަންތައްކުރާގޮތެވެ. ދެ މީހުންގެ ބައްދަލުވުން ނިންމާލާފައި ކުރިން ދާނީ ރަޚަބްއެވެ. އަރީޝާ ހިނގައިގަންނާނީ އޭގެ ފަހުންނެވެ. އެއީ އޭނާ ކީއްވެކުރާ ކަމެއްބާއޭ އަރީޝާގެ ހިތަށް އަރައެވެ. ނަމަވެސް އެފަދަ ކިތަންމެ ސުވާލެއްގެ މަތީން އަރީޝާ ހަނދާންނެތެނީ ރަޚަބްގެ އަޖައިބު ކުރުވަނިވި މޫނު ފެނުމުންނެވެ. އެންމެ ކުޑަމިނުން ކޮން ޢާއިލާއަކުން އައިސް ހުރި މީހެއްތޯ ވެސް ރަޚަބްގެ ގާތުން އަރީޝާއަށް އަހާނުލެވުނެވެ.

ގަސްތަކުގެތެރެއިންލާފައި އަރީޝާ ނުކުމެގެން އައީ އޭނާގެ ރަޙުމަތްތެރިން ތިބި ދިމާއަށެވެ. އޭނާ ފެނުމާއެކު އެންމެންހެން ސުވާލުކުރަންފަށައިފިއެވެ. ހުކުރުވަގުތު ވީމާ މޫދުން އެންމެން އެރީއެވެ. ނަމަވެސް އެވަގުތު އަރީޝާ ނެތުމުން އެންމެންހެން ތިބީ ކަންބޮޑުވެފައެވެ. ވާރޭގަނޑުގެ ތެރޭގައި ދާނޭ ދިމާއެއް ވެސް ނޭނގިފައެވެ. މާހިރާގެ ފިރިމީހާއާއި ވަހީދާގެ ފިރިމީހާއާ ދެ މީހުން ވެގެން ތުނޑީކޮޅު ބަލަން ދިޔަ ވާހަކަ ވެސް ބުންޏެވެ. އެތަނުން ވެސް އަރީޝާ ނުފެނުމުން އޭނާ ދިޔަ ތަނަކާ މެދު އެކުވެރިން ތިބީ ސުވާލު އުފެދިފައެވެ.

“މިހެންލާފައި ހިނގަމުން ހިނގަމުން އެކޮޅަށް ދެވުނީ… ދެން ތިހާ ހާސްނުވެބަލަ، މިހިރީ ސަލާމަތުން އައިހެއްނު” އަރީޝާ ބުނެލިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ އާދަޔާ ޚިލާފަށް ހަމަޖެހިލާފައި ހުރި ތަނެވެ.

“ވަލުތެރޭގައި އެކަނި ހިނގަން ކެރުނުކަން، ބަލާލި ކޮންމެ ދިމާއަކުން ބޯގަސްތައް ނޫނީ ނުފެނޭ… އަރީ ވެސް ހާދަ ބިރުކުޑަވެއްޖެޔޭ ދޯ” ދޫހިމޭނުން ބޭއްވުމަށް ނުކުޅެދެވިފައިވާ ސަލީމާ ބުންޏެވެ. އެންމެންގެ ތެރޭގައި ވެސް އެންމެ އަނގަގަދަ މީހަކީ އޭނާއެވެ.

“ހުރިހާ ވެސް އެއްޗަކީ ބިރު، ދިމާއަކުން ފަތެއް ހެލިލިޔަސް ކަލޭމެންނަށް ހީވާނީ އެއީ ޖިންނިއެކޭ…” ސާމާސާ ގޮތަކަށް އެކުވެރިންނާ އަރީޝާ ދިމާކޮށްލިއެވެ.

އަރީޝާއަށް ކަމެއް ނުވެ ސަލާތުން ހުއްޓާ ފެނުމުން އެންމެންނަށް ލިބިފައިވާ ހާސްކަން ފިލާ ހިނގައްޖެއެވެ. އަދި އެންމެން އެކުގައި ކާން ފެށިއެވެ. ވިއްސާރަވިއެއްކަމަކު ދަތުރު ނިންމާލީ ހަވީރު ހަތަރެއް ޖެހިފުންނެވެ. މާހިރާގެ ދަރިފުޅު އިރުއޮއްސެން ވާއިރަށް ގެއަށް ވައްދަން އޭނާ ބޭނުންވެއެވެ. އެހެންވެ އިރުއޮއްސުމުގެ ކުރިން ގެއާ ހަމައަށް ދިއުމަށް އެންމެން ތައްޔާރުވިއެވެ.

ވަޅުކޮޓަރިތެރެއިން ނުކުމެގެން އައިސް ކޮޓަރިއަށް އަރީޝާ ވަނެވެ. އިސްތަށިގަނޑުގައި އެއްވަރަކަށް ފުނާ އަޅަމުން ދިޔައިރު އޭނާއަށް އަދިވެސް ވިސްނެނީ ދަރިއަކު ލިބެން އުޅޭކަމާ މެދުއެވެ. އަނެއްކޮޅުން ރަޚަބް އޭނާއަށް އޮޅުވާލާ ލަނޑެއްދޭން އުޅެނީ ބާއޭ ވެސް ހިތަށް އަރަމުން ދިޔައެވެ.

“މިއަދު ވެސް ރަޚަބްއާ ބެހޭ އެއްވެސް ކަމެއް ނޭނގުނު، އެންމެ ކުޑަމިނުން ބައްޕައާ ބައްދަލުކުރަން އަންނާނަމޭ ވެސް އޭނާ ނުބުނޭ… ކީއްވެތަ ރަޚަބް އެހެން އެ ހަދަނީ…” ލޯގަނޑަށް ބަލަހައްޓައިގެން އިނދެ އަރީޝާ ވާހަކަދެއްކިއެވެ. ހީވީ އޭނާގެ ޟަމީރާ އެ ސުވާލު ކުރިހެނެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ. ތެދުވެގެން އައިސް އެނދުގެ ހުރަހަށް އަރީޝާ އޮށޯވެލީ ތެތްއިސްތަށިގަނޑު އެނދުން ބޭރަށް އެލުވާލައިގެންނެވެ. ފިކުރު ކުރުމުގައި އޭނާ އޮއްވާ ނިދުނީ ކޮންއިރަކުކަމެއް ނޭނގެއެވެ. ނިންޖާ ދެ ލޯ މެރިލާއިރަށް ހުވަފެނުގައި ރަޚަބް އަތުވެއްޖެއެވެ. ކަންބޮޑުނުވުމަށް އޭނާ ބުނަމުންދިޔައެވެ. އަދި އޯގާތެރިކަމާއި ލޯބީގެ ފިރުމުންތަކުން އަރީޝާގެ ހިތްހަމަޖައްސައިދެމުން ދިޔައެވެ.

ކުއްލިއަކަށް އަރީޝާގެ ފައިކޮޅުން ހަށިގަނޑަށް ފިނިކަމެއް އިހުސާސްވުމާއެކު ފެންނަމުން ދިޔަ ހުވަފެން ކަޅުއަނދިރިކަމަށް ބަދަލުވިއެވެ. ނޭވާ ހާސްވާކަހަލަ ގޮތެއްވެފައި އަވަހަށް ލޯ ހުޅުވާލިއެވެ. އޭރު އޭނާގެ ފައިގައި ކޮއްޓަމުން ސަފިއްޔާ ގޮވަނީއެވެ. ސިހިފައި ފުންމައިގެން ތެދުވެވުނީ ސަފިއްޔާ ހުރި ގޮތް ފެނިފައެވެ. އޭނާ އެއައީ ނަމާދުން ފައިބައިގެން ނޫނީ ނަމާދުކުރަން ދަމުންކަން އަރީޝާއަށް އެނގުނެވެ.

“އަރީޝާ، ދެ ނަމާދު ދޭތެރޭ ނިދާކަށްނުވާނެ… އަވަހަށް ދޭ ވުޟޫކޮށްލައިގެން ނުކުމެ ނަމާދަށް އަރަން، މަޤުރިބު ނަމާދަށް ގޮވިތާ ކިތަންމެ އިރެއް، ދަރިފުޅު ނުކުމެ ނޫޅޭތީ މަންމަ މިއައީ ޚަބަރު ބަލާލަން، ހީވަނީ ކޮންމެވެސް ހުވަފެނެއްގައި ދަރިފުޅު އޮތްހެން… ފާޑެއްގެ އަޑެއް ލައްވަމުން ދޭތެރެއަކުން ހީނގަންނަމުން، މިކަހަލަ ސަކަރާތެއްގައި ދަރިފުޅު އޮތީ، މިގަޑީގައި އިބިލީހުގެ ވަސްވާސްނޫނީ ނުފެންނާނެ… އެހެންވީމަ އަވަސްކުރޭ… އަވަހަށް ގޮސް ވުޟޫކޮށްލައިގެން ނަމާދަށް އަރާ” ސަފިއްޔާ ނަޞޭޙަތްތެރިވިއެވެ. އަރީޝާ ވެސް ބޯޖަހާލަމުން އެނދުން ފައިބަން އައެވެ. އޭނާއަށް ފާޑަކަށް ބަލަން ހުރެފައި ސަފިއްޔާ އެ ކޮޓަރިން ނުކުމެން ދިޔައެވެ.

ސަފިއްޔާ ދިއުމާއެކު އަރީޝާއަށް އޭނާގެ މޭމަތީގައި އަތްހާކާލެވުނެވެ. އޭނާއާއި ރަޚަބް ދިމާވީއްސުރެ ރަޚަބްގެ ހުވަފެނެއްނޫނީ ނުފެނެއެވެ. މުޅިން ވެސް ފެންނާނީ ރަޚަބްއާއެކު މަޖަލާ އުފާކުރުމުގައި އުޅޭތަނެވެ. ހިތްހަމަޖެހޭ ތަންތަނުގައެވެ. ހޭލެވޭއިރު ހުންނަނީ އެދުން ފުދިފައެވެ. އެކަމުގެ އަސަރުތައް ހަށިގަނޑުން ފާޅުވެއެވެ. ހިތްހަމަޖެހުމާއި ވަރުބަލިކަން އިހުސާސް ކުރެވިފައެވެ. ނަމަވެސް އެއީ ހުވަފެނަކަށް ވާތީ ކުޑަކޮށް ވެސް އެކަމާ އަރީޝާ ކަންބޮޑެއް ނުވެއެވެ. ޚިޔާލެއް ފިކުރެއްނެތި އިސްތަށިގަނޑު އަތަށް އޮޅާލައި ހުޅިއެއް ޖަހާލުމާއެކު އަރީޝާ ފާޚާނާއަށް ވަދެ ތާހިރުވެލިއެވެ. ސަފިއްޔާ އެދުނެއްކަމަކު ނަމާދުގެ މަތިން އަރީޝާ ހަނދާންނެތިއްޖެއެވެ. ފާޚާނާއިން ނުކުމެގެން އައިސް ކޮޓަރީގެ ކުޑަދޮރު ހުޅުވާލައިގެން ހުއްޓެވެ. ތާޒާވައިރޯޅިތައް އައިސް އެ މޫނުގައި ބޮސްދެމުންދިޔައެވެ. ރޭގަނޑުގެ އެވަގުތަކީ ހިތްގައިމު ވަގުތަކަށް އަރީޝާއަށް ވެއެވެ.

ދޮންމުޙައްމަދު ދީދީއާ ބައްދަލުކުރުމަށް ރަޚަބްއެއް ނާދެއެވެ. އަނެއްކޮޅުން ރަޚަބް ހިތްހަމަޖެހޭ ކަމަކަށް ދޮންމުޙައްމަދު ދީދީގެ އެކުވެރިޔާ އަބްދުﷲ އެގެއަށް ވަނުން ނުވެއެވެ. އޭނާ ބުނަނީ އަބްދުﷲ ވަންނަންޏާ އޭނާ ނުދާނަންކަމުގައެވެ. އެހެންނަމަވެސް އަރީޝާއަށް ދެރަގޮތެއް ނުވާނެކަމުގައެވެ. އަރީޝާ ބޭނުންވާނަމަ އޭނާ އަރީޝާ ގެންގޮސްގެން ބަލާނަން ކަމުގައި ބުންޏެވެ. އަރީޝާއަކީ ރަޚަބްގެ އަނބިމީހާ ކަމުގައި އޭނާ އަބަދު ބުނަމުން ދިޔަ ނަމަވެސް އެ ބުނުމުގެ މަފްހޫމަކީ ކޮބައިކަމެއް އަރީޝާ ނުދެނަހުއްޓެވެ. ކައިވެނީގެ ވާހަކަ ކެނޑިނޭޅި އަރީޝާ ދައްކަނީ އެހެންވެއެވެ. އޭގެ އިތުރުން ދޮންމުޙައްމަދު ދީދީ ވެސް އަރީޝާއާށް ސުވާލުކުރަން ފަށައިފިއެވެ. ރަޚަބް ބައްދަލުކުރަން ބޭނުންނުވާ ސަބަބު އޮޅުން ފިލުވަން ބޭނުންވެގެންނެވެ. ރަނގަޅު ޒުވާނެއްނަމަ އަރީޝާއާ ކައިވެނިކުރާނެކަމުގައި އޭނާ ބުނެއެވެ. މިކަމަކާ ހުރެ ދޮންމުޙައްމަދު ދީދީގެ ހިތުގައި ވެސް ރަޚަބްއާ މެދު ކިލަނބުކަމެއް އުފެދެން ފަށައިފިއެވެ. އަބްދުﷲގެ ދަރި އަބްދުއްރަޢޫފާ ކައިވެނި ކުރުވުމުގެ ޚިޔާލު ގަދަވާން ފެށިއެވެ. އަދި އަބްދުއްރަޢޫފު އެގެއަށް މަދުމަދުން ވަންނަން ފަށައިފިއެވެ. އެކިއެކި ކަންކަމުގައި ދޮންމުޙައްމަދު ދީދީ އޭނާ ގެއަށް ގެނެސް އަރީޝާއާ ބައްދަލުކުރުވަން ފަށައިފިއެވެ. މި ހުރިހާ ކަމެއް ރަޚަބް ދެނެހުރި ކަމުގައި އޭނާ އަރީޝާގެ ގާތުގައި ބުންޏެވެ.

“އެމީހުން ފާޑުފާޑަށް އުޅޭނެކަމެއްނެތް، ލާހިކު ކުޅަދާނައެއްނޫން އަހަރެންގެ އަރީޝާއާ އިންނާކަށް” އަތިރިމަތީގައި އަރީޝާއާ ވާހަކަދައްކަން ހުރެ ރަޚަބް ބުނެލިއެވެ.

“އަހަރެން ބަނޑު މިއޮއް ނުކުންނަނީ، ބޭކާރުވެގެން ކިހާ ދުވަހެއް މިދިޔައީ… މިހެން ވުމުގެ މާކުރިން އަހަރެން ކިޔަންފަށައިން ދޯ ރަޚަބްގެ ގާތުގައި ކައިވެނި އަވަސްކުރަން، އެކަމަކު ރަޚަބް އަހަރެން ދައްކާ ވާހަކައަކަށް ސަމާލުކަމެއް ނުދެމެއްނު” އަރީޝާގެ މޫނުމަތިން ހާސްކަމަށްވުރެ މޮޅިވެރިކަމުގެ އަސަރުތައް ފާޅުވޭވޭ ހުއްޓެވެ. ރަޚަބްގެ މައްޗަށް އޮތް އިތުބާރު ކުޑަވެފައިވެއެވެ.

“އަރީޝާއަށް ނޭނގެނީ، އަހަރެން ވެސް ހާދަ މަސައްކަތެއް އެބަކުރަމޭ… އަހަރެން ބޭނުމެއްނުވޭ އަރީޝާގެ ބަނޑުން ބަލިވެއިންކަން އެނގޭކަށް، އެކަމަކު މީ އަހަންނަށް ވެސް ވަރަށް އައުކަންތައްތައް… މިކަންތައް ފަޅާ އަރައިފިއްޔާ އަރީޝާ ހީވެސް ނުކުރާވަރުގެ ބޮޑެތި ކަންކަމާ ކުރިމަތިލާން ޖެހިދާނެތީ އަހަރެން މިހުންނަނީ ހަދާނޭގޮތް ހުސްވެފައި، އެހެންވެ މިބުނަނީ އަހަންނާއެކު ހިނގާށޭ… އަހަރެންގެ ގާތުގައި ހުރުމުން އަހަންނަށް ކޮށްދެވޭނެ ކަންކަން ގިނަވާނެ، އަދި އޭރުން އަހަރެންގެ ބާރު އަރީޝާގެ މައްޗަށް ހިނގާލެއް ބޮޑުވާނެ” ރަޚަބް ދައްކާ އެއްވެސް ވާހަކައެއް އަރީޝާއަކަށް ނުވިސްނުނެވެ. އެންމެން ފަހުން އަރީޝާއަށް ރޮވިއްޖެއެވެ. އޭނާ އިން ހާލާ މެދު ކަންބޮޑުވުމުގެ އިތުރުން ރަޚަބްގެ ފަރާތުން އޭނާ އުންމީދު ކުރި ފަދަ ނިންމުންތަކެއް ނުފެންނާތީއެވެ. ރަޚަބް ބޭނުންވަނީ ހަމައެކަނި ޖިސްމާނީ އުފާތަކެއް ކަމުގައި އަރީޝާއަށް ހީވާންފެށީމައެވެ. އެކަމުގެ ސަބަބުން އޭނާގެ ހިތަށް ކުޅަ އަސަރުން ދެ ލޯ ފުރި ބަންޑުންވީއެވެ. އޭރު ރަޚަބްގެ މޫނުމަތިން ވެސް ފެންނަނި އިންތިހާއަށް ކަންބޮޑުވެ ހާސްވެފައި ހުރިކަމެވެ. ދެތިން ފަހަރަކު ކަނދުރާގައި ވައަތް ހިންގާލާފައި ނިތުގައި ހިއްލާފައި ހުރި ދާތިކިތައް ފުހެލައެވެ.

“އަރީޝާ ކަންބޮޑުވާނޭވަރު އެނގޭތީ ނުބުނަން ހުރީ، އެކަމަކު ނުބުނެ ހުއްޓަސް އެނގޭނެކަން އަހަންނަށް އެނގޭ، އަރީޝާ! އަރީޝާގެ ބަނޑުގައި ވަނީ ދެ ކުދިން… އަހަރެން މިހާ ހާސްވެފައި މިވަނީ އެ ދެ ކުދިންނަކީ ތަފާތު ދެ ކުދިންނަށްވީމާ” ރަޚަބް ބުންޏެވެ. އެހެންނަމަވެސް އަރީޝާ އިތުރަށް ރަޚަބްގެ ވާހަކަ އަޑުއަހާކަށް ބޭނުމެއްނުވިއެވެ. އޭނާ ހުރި ހާލު ވެސް ހަނދާންނެތުނު ކަހަލައެވެ. ދުވަމުން އެއްގަމަށް އަރައިގެން ގެއާ ދިމާއަށް މިސްރާބު ޖެހިއިރު އެ މަގުން އަބްދުއްރަޢޫފު އަންނަނީއެވެ. މީހަކު ފެންނަންނެތް އެ މަގުން އަރީޝާ ދުވަމުން ދިޔަ ގޮތް ފެނިފައި އަބްދުއްރަޢޫފު ކަންބޮޑުވިއެވެ. އަރީޝާ ރޮނީކަން އަބްދުއްރަޢޫފަށް އެނގުނެވެ. އަރީޝާއަށް ވެސް އަބްދުއްރަޢޫފު ފެނުނެއްކަމަކު އަޅައިނުލާ ދުވަމުން ހިނގައްޖެއެވެ.

ދޮންމުޙައްމަދު ދީދީގެ ކަންފަތާ ހަމައަށް މި ވާހަކަ އަތުވެއްޖެކަން ސަފިއްޔާ ހާމަކުރިއެވެ. އަރީޝާ އިނީ ބަސްހުއްޓިފައި އިން މީހަކު ފަދައިންނެވެ. މަންމައަށް ދޭނޭ ޖަވާބެއް ނޭނގިފައެވެ. އޭނާ އިނީ ގޮތް ނޭނގޭ ފިރިހެނަކަށް ބަލިވެކަން އެނގިއްޖެއްޔާ އެ މީހުންނަށް ވާނޭ ގޮތް ސިކުނޑިއަށް ގެންނަން ވެސް ނުކެރިފައެވެ. ލަދުވެތިކަމުގެ ޙިޞާރެއް އަރީޝާގެ ވަށައިގެން ލެވިފައިވެއެވެ. މަންމައާ ނަޒަރު ސީދާކޮށްލަން ނުކެރުނީ ވެސް އެހެންވެއެވެ.

ސަފިއްޔާ އެކިއެކި ވާހަކަދައްކަމުން އަރީޝާއާ ސުވާލުކުރަން ފެށިއެވެ. ރަޚަބްއާއި އަރީޝާގެ ދެމެދުގައި އޮތް ގުޅުމާ ބެހޭގޮތުންނެވެ. އެއީ ކޮންގެއަކު ކާކުކަން ބުނެދިނުމަށް އަރީޝާއަށް ސަފިއްޔާ ބާރުއެޅިއެވެ. ނަމަވެސް އެއިން އެއްވެސް ސުވާލަކަށް ދޭނޭ ޖަވާބެއް އަރީޝާގެ އަތަކު ނެތެވެ. މަންމަގެ ކުރިމަތީގައި ހިމޭންކަން ޚިޔާރުކުރަން ޖެހުނީ އެހެންވެއެވެ.

“ތި ރަޚަބްއަކީ ރަނގަޅު ޒުވާނެއްނޫން، ދަރިފުޅަށް އެނގޭނެ ބައްޕަގެ ގޮތް، ތި މީހަކާ ބައްދަލުކުރަން ބައްޕަ އެއްބަސްވީ އަރީޝާގެ އުފަލަށްޓަކައި، ނުރުހުމުގައި އެހެން މީހަކާ ނުދެވަންވެގެން، އެކަމަކު މަންމައަށް ވެސް މިހާރު ހީވަނީ އެއީ ރަނގަޅުގޮތެއްނޫންހެން، އަރީޝާއަށް އެންމެ ރަނގަޅުވާނީ މަންމަމެން ބުނާ ކުއްޖަކާ ކައިވެނިކުރިއްޔާ، އަބްދުﷲބޭމެންނަކީ ދުރުބައެއްނޫނެއްނު، އެގޭ ރަޢޫފަކީ ދަރިފުޅު ނުދަންނަ ކުއްޖެއް ވެސް ނޫން… ދަރިފުޅަށް ބޮނޑިއެއް ނުލިބެނީސް މަންމަމެން ބުނާ ގޮތް ހަދަންވީނު” އުނަގަނޑުގައި އެއްއަތް ވިދެލައިގެން ކޮޓަރީ ދޮރު ކައިރީ ހުރެ ސަފިއްޔާ ވާހަކަދެއްކިއެވެ. ދެން ވެސް އަރީޝާ ބަހެއް ނުކިޔެވެ. އިސްޖަހާލައިގެން އިންއިރު އޭނާގެ ދެ ލޯ ފެންކަޅިވެއްޖެއެވެ.

“ކުރިއަށް މިއޮތް ހަފްތާ ތެރޭގައި ތި ބުނާ މީހަކު އަރީޝާގެ ކައިވެންޏަށް ބައްޕައާ ވާހަކަދައްކަން ނައިސްފިއްޔާ އަރީޝާއަށް ދެން ޖެހޭނީ ތިކަމެއް ހުއްޓާލަން، އަދި ރަޢޫފާ އިންނަން ތައްޔާރުވާން…” ހަރުކަށިވާން ބޭނުންނުވާކަން ސަފިއްޔާގެ މޫނުމަތިން ފައުޅުވިޔަސް އޭނާގެ އަޑުގައި ހަރުކަށިކަން ހުއްޓެވެ. އިރުކޮޅަކު އަރީޝާއަށް ބަލަން ހުރެފައި އޭނާ އެ ކޮޓަރިން ނުކުންނަ ދޮރު ހުޅުވާލިއެވެ. ނަމަވެސް ހަމަ އެވަގުތު އޭނާ ހުއްޓި ކޮޓަރިތެރެއަށް އަލުން ނަޒަރު ހިންގާލިއެވެ. އަލަމާރި ކައިރީ ހުރި މޭޒުގެ މަތީގައި ނިކަން ބައިވަރު މައުތަކެއް ހުއްޓާ ސަފިއްޔާގެ ލޮލުގައި އަޅައިގަތީއެވެ. އެއީ މި ފަހަކަށް އައިސް އެ ކޮޓަރިތެރެއިން ފެންނަ މައުތަކެކެވެ. ނަމަވެސް ސަފިއްޔާ ހައިރާންވީ ގޭގޭގައި ހައްދާތަން ނުފެންނާތީއެވެ. އެއްދުވަހަށްވުރެ އަނެއްދުވަހެއް އެ ކޮޓަރީގައި އެ މައުތައް ވަނީ ގިނައެވެ.

“ކޮންތާކުން ގެންނަހާ މައުތަކެއްތަ އެއީ؟ އެމީހަކު ދޭ އެއްޗެއްތަ ތީ… ކޮޓަރީގައި މިހުންނަ ވަހަކީ އެ މައުތަކުން ދުވާ ވަހެއްތަ؟” ސަފިއްޔާ އެހިއެވެ. އަރީޝާ މޭޒުމަތީ ހުރި މައުތަކަށް ބަލާލާފައި އަލުން އިސްޖަހާލަމުން ސަފިއްޔާއަށް ބޯޖަހާލިއެވެ.

“ތި އެއްޗެހި ކޮޓަރީގައި ބަހައްޓާކަށް މަންމައަކަށް ނުފެނޭ، މިގެއަކީ ކުޑަކުއްޖަކު އުޅޭ ގެއެއްނޫން، އެހެންވީމަ ބޭރުގެތެރޭ ބެހެއްޓިޔަސް ތިޔަކާ ކުޅޭނޭ މީހަކު ނުހުންނާނެ.. ދެން ވެސް ތިޔަހެން ނީނދެ އަސުރު ނަމާދަށް އަރާބަލަ، މިހާރު ނަމާދެއް ކުރާހެނެއް ވެސް ހިޔެއްނުވޭ، ތިޔަ މީހަކާ ޖެހުނު ފަހުން އަރީޝާ މުޅީން ބަދަލުވެއްޖެހެން މަންމައަށް ހީވަނީ…” ސަފިއްޔާ ބުންޏެވެ. އަދި ކޮޓަރިން ނުކުމެ ދޮރުލައްޕާލިއެވެ. އެއާއެކު އެނދުމައްޗަށް އަރިއަކަށް އަރީޝާ ވެއްޓިގަނެ ބާލީހުގައި މޫނު ފޮރުވާލަމުން ބައްދާލިއެވެ.

އަރީޝާ ބޭރަށް ނުކުންނަ ހިތް ނުވެފައި ގޭގައި ހުންނަތާ ދެ ދުވަސްވީތަނާ ކުއްލިއަކަށް އޭނާއަށް ވީގޮތެއް ނޭނގެއެވެ. ކަމަކަށް ހިތް އެދެން ފެށިގޮތަށް އެކަމެއް ނުވަނީސް އެންމެ ހިނދުކޮޅަކަށް ވެސް ކެތްނުކުރެވޭނޭ ވަރު އޭނާއަށް ވެއްޖެއެވެ. ހިތް އެދެނީ ގެއިން ބޭރަށް ނުކުމެލާ އަތިރިމައްޗަށް ގޮސްލާށެވެ. އޭރު ރަތްވިއްލާތަކުން އުޑުމަތި ޖަރީވަމުން ދިޔައެވެ. ފެންޑާއަށް ނުކުމެފައި އަލުން ކޮޓަރިއަށް އަރީޝާ ދިޔައެވެ. ކޮޓަރީގައި ގިނައިރެއްނުވެ އަނެއްކާ ވެސް ގޯތި ތެރެއަށް ނުކުމެއްޖެއެވެ. ހީވަނީ ފާޑެއްގެ ދަމާ ބާރެއް އިހުސާސް ކުރެވެމުން ދިޔަހެނެވެ. ސިކުނޑި އަމިއްލަ ބާރުގެ ދަށުން ވީއްލިފައި ވާ ހެންނެވެ. މަރިޔާދުގޭގެ އުނދޯލީގައި އިށީނދެ ދެފަހަރަކު ހެއްލާލިއެވެ. އަދި އިސްތަށިގަނޑަށް ޖަހާފައި އިން ބޮކަރު މައު ނަގާ އޭގައި ވަސްގަނެއްޖެއެވެ. އެހިނދު އަރީޝާގެ ނަފްސަށް އެވީ ގޮތެއް ޚުދު އޭނާއަކަށް ވެސް ނޭނގުނެވެ. އުނދޯލުން ތެދުވެގެން ޚިޔާލަކަށް ގެއްލިފައި ހުރި މީހަކު ފަދައިން ގޭގެ މައި ދޮރޯށިން ނުކުމެއްޖެއެވެ. އަދި ހިނގަމުން އައިސް އަތިރިމަތީގައި މަޑުކޮށްލިއެވެ. އޭރު ރަޚަބް ހުރީ އޭނާގެ އިންތިޒާރުގައި ކަހަލައެވެ. އޭނާ ފެނުމާއެކު އަރީޝާގެ ނަފްސު މަޑުއުއްކޮޅެއް ފަދައެވެ. އެއްވެސް ޚިޔާލެއް ފިކުރެއްނެތި އެއައި ގޮތަށް އައިސް ރަޚަބްގެ ގައިގާ އޮޅުލައިގަނެއްޖެއެވެ.

ދެ ޒުވާނުން އެތަނުގައި އެތައް އިރަކު ވާހަކަދައްކަން ތިއްބެވެ. އަދި ފާޑެއްގެ ބޭހެއް ވެސް އަރީޝާއަށް ރަޚަބް ދިނެވެ. ގަދަ ޗޮކުލެޓުކުލައެއްގައި ހުރި ހިތި ކުޅި ބޭހެކެވެ. ކިތަންމެ ނުބައެއްކަމަކު ރަޚަބްއަށްޓަކައި އަރީޝާ އެ ބުޔެވެ.

“ރަޚަބް އަހަރެންގެ ބައްޕައާ ބައްދަލުކުރަން މަންމަ ދިނީ ހަފްތާއެއް، އޭގެ ފަހުގައި އަހަންނާއި ރަޢޫފުގެ ކައިވެނި ކުރެވެނޭ، އެކަމަކު އަހަރެން މި އިނީ އިން ހާލު، މިގޮތަށް އިނދެ މީހަކާ ކައިވެނި ކުރާނީ ކިހިނެއް. ރަޚަބް ތިއުޅެނީ އަހަރެންގެ ގާތުން ސަލާމަތްވާންވެގެންތަ؟ މި ހުރިހާ ކަމަކަށް ފަހުތަ؟” އުފާވެލާފައި ވެސް އެ އުފާވެރިކަން ދިގު ދެމިގެނެއް ނުދެއެވެ. ހީވަނީ އަރީޝާއަށް ހަމަވިސްނުން ލިބޭއިރަށް ހަޤީޤަތާ ކުރިމަތިލާން ބޭނުންވާ ހެނެވެ. ނަމަވެސް އެ ވާހަކަތަކަކީ ރަޚަބް އަޑުއަހަން ބޭނުންވާ ވާހަކަތަކެއް ހެނެއް ހިޔެއްނުވެއެވެ.

“އަހަރެން ދުވަހަކު ވެސް އަރީޝާ ދުލެއް ނުކޮށްލާނަން، އެހެން ހީނުކުރައްޗޭ… އަރީޝާދެކެ ލޯބިވުމަކީ ކުޅޭ ކުޅިވަރެއްނޫން، އަހަންނަކީ އެކަހަލަ މީހެއް ވެސް ނޫން، އެކަމަކު ބައެއްފަހަރު ހިތަށް އަރާ އަރީޝާ ބޭނުންވެދާނެއޭ އަހަންނާ ދުރަށްދާން… އަހަރެން ވެސް ހުރިހާ ކަމަކާ މެދު ވަރަށް ވިސްނަން، ލިބެން އުޅޭ ކުދިންނާ މެދު ވަކިން ބޮޑަށް ވިސްނޭ، އަރީޝާ! ތި ހުރިހާ ފިއްތުންތަކުން ކަލޭ މިންޖުވާނެ… ހިނގާ އަހަންނާއެކު… އަހަރެން ކަލޭ ބަލަހައްޓާނަން، އެއްވެސް ކަމެއް އުންޏެއްނުވާނެ، ދަރިންގެ ކަންތައްތައް ވެސް… އަހަރުމެން ދެމީހުންނަށް އުފާވެރި ދިރިއުޅުމެއް އޭރުން ލިބޭނެ… އަހަރެން އަރީޝާ އަބަދުވެސް އުފަލުގައި ބަހައްޓާނަން… އެއްވެސް މީހަކަށް އޭރުން އަރީޝާއާ ނުބެހެވޭނެ”

“ރަޚަބް ހީކުރާހާ ފަސޭހަކަމެއްނޫނޭ އެއީ… އަހަރެންގެ މައިންބަފައިން އެ ތިބީ މުސްކުޅިވެފައި، އެ މީހުންގެ އަހަރެންގެ ނޫނީ ދަރިއަކުނެތް، ތިމާގެ މީހުން ބަލާނެކަމަކަށް އަހަރެން ވެސް ނުދެކެން، އަހަރެން ކުޑައިރުއްސުރެ މިވަރު ކުރީ އެ މީހުން، ނުކެރޭނެ އެ މީހުން ދޫކޮށްލާފައި ދާކަށް… ރަޚަބް އަހަރުމެންނާއެކު އުޅެން އަންނަންވީނު، މަންމައާއި ބައްޕަގެ އިތުރުން ގޭގައި އެކަކު ވެސް ނޫޅޭނެ، ރަޚަބްއަށް އުނދަގުލެއް އެ މީހުން ނުކުރާނެ… މަންމައާއި ބައްޕަ ނެތް ދުވަހަކު ވެސް އެގޭގައި އުޅެން ތިބޭނީ އަހަރުމެން ދެ މީހުން އެކަނި” ރަޚަބްގެ އަތުގައި އަރީޝާ ހިފަހައްޓާލީ އާދޭހުގެ ގޮތަކަށެވެ. ނަމަވެސް ރަޚަބް އެއްވެސް އެއްޗެއް ނުބުންޏެވެ. ނޫނީ ސިކުނޑީގައި ހިނގާ ޚިޔާލުތައް ގިނަކަމުން ބުނާނޭ އެއްޗެއް ނޭނގުނީ ކަންނޭނގެއެވެ.

އޮއްސެމުން ދިޔަ އިރަށް ބަލަހައްޓައިގެން އަރީޝާއާއި ރަޚަބް ތިއްބެވެ. އެހެން އިނދެފައި ކުއްލިއަކަށް ރަޚަބް ތެދުވެއްޖެއެވެ. އަދި އަރީޝާގެ ގާތުގައި ގެއަށް ދިއުމަށް ބުނެފިއެވެ. ކިހިނެއްވީތޯ އަރީޝާ ސުވާލުކުރުމުން ބުނީ ފަހުން ބުނާނަން ކަމުގައެވެ. އަދި އަރީޝާއަށް އިތުރު ވާހަކައެއް ނުދެއްކެނީސް ހަރުކޮށް ހިނގާފައި ގޮސް ގަސްތަކުގެތެރެއަށް ރަޚަބް ވަދެއްޖެއެވެ. އެ ދިމާއަށް ބަލަން ހުރެފައި އަރީޝާ ހިނގައިގަތީ އެއްގަމާ ދިމާއަށެވެ. މާޔޫސްވެ މޮޅިވެފައި ހުރެއެވެ. މަޑުމަޑުން ބަނޑުގައި ފިރުމާލަމުންނެވެ. ރަޚަބް އެގޮތަށް ކަންތައް ކުރީ ކީއްވެކަން ނޭނގުމާއެކު ތަފާތު ޚިޔާލުތައް ހިތަށާއި ސިކުނޑިއަށް ބޮނޑިވާންފެށިއެވެ.

“އަރީ…” އެއްގަމަށް އަރައިގެން ވަކި ހިސާބަކަށް ދެވުނު ތަނާހެން އަރީޝާއަށް އިވުނީ ރަޢޫފުގެ އަޑެވެ. އިސްއުފުލާ ބަލާލިއިރު އޭނާ ހުރީ އަރީޝާ ފެނިގެން މަޑުކޮށްލައިގެންނެވެ. އަދި މަޑު ހިނގުމުގައި އައި އަރީޝާ އައިސް ރަޢޫފާ އަރާ ހަމަވުމުން ވާހަކަދައްކަން ފެށިއެވެ.

“މިއައީ އަރީގެ ބައްޕަ ފޮނުވައިގެން، ގޭގައި އުޅެފައި ކުއްލިއަކަށް ދިޔަތަނެއް ނޭނގިގެން އެ މީހުން ތިބީ ކަންބޮޑުވެފައި، އަހަންނަށް ހީވި އަރީ ހުންނާނީ އަތިރިމަތީގަހެން… އެހެންވެ ބަލާލަން އައީ… ހަމަރަގަނޅަށްތާ އަހަންނަށް ހީވީ… ހިނގާ ގެއަށް ދަމާ” ރަޢޫފު ބުނެލިއެވެ. އަރީޝާ މަޑުމަޑުން ބޯޖަހާލިއެވެ.

“މި ހިސާބަށް އަންނަނީ ކީއްކުރަންތޯ އަހާލެވިދާނެތަ؟” ރަޢޫފު ވަރަށް ނޫންގޮތަކަށް ބުންޏެވެ.

“ކަމެއްކުރާކަށްނޫން… ހިތްފަސޭހަވީމަ” ރަޢޫފު އުޅެނީ އަރީޝާގެ ޢާއިލާއަށް ޖާސޫސްކޮށްދޭންބާއޭ އަރީޝާގެ ހިތަށް އެރިއެވެ.

“އާން! ހިތްފަސޭހަ ހިސާބެއް… އެކަމަކު މީހުން މަދުވީމާ އަރީޝާ ބިރެއްނުގަނޭތަ؟ ތިޔަގޮތަށް އަންހެންކުއްޖަކު އެކަނި އުޅޭކަށް ނުވާނެއެއްނު”

“ވާންހުރިކަމެއްވާނެ ގޭގައި އޮތަސް” ފަރުވާކުޑަ ރާގެއްގައި އަރީޝާ ބުންޏެވެ.

“ތީ ކާކުދިން މަލެއްތަ؟” ރަޢުފޫ ސުވާލުކުރިއެވެ.

“މީ މީހަކު ދިން މަލެއްކަމެއް ރަޢޫފަށް އެނގެނީ ކިހިނެއް؟” އަރީޝާ ރައްދު ދިން ގޮތުން އޭނާ ހުރީ ރަޢޫފާ ވާހަކަދައްކަން ބޭނުންނުވެފައިކަން އެނގެއެވެ.

“އަރީޝާ އަހަރެންދެކެ ހިތްހަމަނުޖެހިފައިތަ ތި ހުންނަނީ، އަސްލު ތެދަށް ބުނަންޏާ އަހަރެންގެ އެއްވެސް އަތެއްނެތް ކައިވެނީގައި، އެއީ ބައްޕަމެން އަމިއްލައަށް ރާވައި ނިންމައިގެން އުޅޭ ކަމެއް… އަރީޝާގެ ނުރުހުމުގައި ކައިވެނި ކުރާކަށް އަހަރެން ބޭނުމެއްނޫން، ބައްޕަ ގާތު އަހަރެން އޮންނާނީ އެ ވާހަކަ ބުނެފައި… އަރީ! ޤަބޫލުކުރޭ… އަހަންނަކީ ރައްޓެއްސެއްކަމުގައި ހީކުރޭ…” ރަޢޫފު ބޭނުންވަނީ އަރީޝާގެ ހިތްހަމަޖެހުންކަން އޭނާ ހާމަކުރިއެވެ.

ގެއަށް އައިސް ވަންއިރު ގޭތެރެއަށް އޮތީ ހަމަހިމޭންކަން ވެރިވެފައެވެ. ސަފިއްޔާ ނަމާދަށް އަރަން އުޅެއެވެ. ރަޢޫފު އައިސް އޭނާއަށް ގޮވާލަފައި އަރީޝާ ގޮވައިގެން އައީ ކަމުގައި ބުންޏެވެ. އަދި އޭނާ ވެސް މިސްކިތަށް ދަނީކަމުގައި ބުނެ ނުކުމެގެން ހިނގައްޖެއެވެ. އަރީޝާ މަޑުކުރުމެއްނެތި އައިސް އޭނާގެ ކޮޓަރިއަށް ވަނީއެވެ. އޭނާގެ ފަހަތުން ސަފިއްޔާ އައިސް ނަމާދަށް އެރުމަށް ބުނެފައި ހިނގައްޖެއެވެ. ނަމަވެސް އެނދުމައްޗަށް ވެއްޓިގަތް ގޮތަށް އަރީޝާ އޮތީއެވެ. އެހެން އޮއްވާ މާ ގަދަ ނިންޖެއް އޭނާގެ ލޯ ޙިޞާރުކޮށްފިއެވެ.

ޖެހިގެން އައި ދުވަހުގެ މެންދުރު އަރީޝާ ބަދިގެ ފަރާތަށް ނުކުތީ ގެއަށް އައިސްގެން އުޅޭ އެކުވެރިޔާއާއެކު އެގެއަށް ދާންވެގެންނެވެ. ނަމަވެސް އޭނާއަށް އަޑުއިވުނީ ވަހީދާއާއި ސަފިއްޔާގެ ދެމެދުގައި ދެކެވެމުން ދިޔަ ވާހަކަތަކެވެ. ސަފިއްޔާ ސުވާލުކުރަނީއެވެ. އަރީޝާ ހިތާވެގެން އުޅެނީ ކޮންގެއަކު ކާކާކަން އެނގޭތޯއެވެ. ސަފިއްޔާގެ ވާހަކަތަކުން ވަހީދާއަށް ލިބެމުންދިޔައީ އިތުރު ހައިރާންކަމެވެ. ވަހީދާގެ އަތުގައި ވެސް ސަފިއްޔާގެ ސުވާލުތަކަށް ދޭނޭ ޖަވާބެއް ނެތެވެ. އޭނާގެ ފަރާތުން ސަފިއްޔާއަށް އެނގުނީ އަރީޝާ އެފަދަ ކަމެއް ކުރާކަން އޭނާގެ އެކުވެރިންނަށް ވެސް އެނގިފައި ނެތްކަމެވެ. މިކަމާ ސަފިއްޔާ ވެސް ފިކުރުބޮޑުވިއެވެ. އޭނާ ވަހީދާގެ ގާތުން އެދުނީ ކޮންމެވެސް ގޮތަކުން އަރީޝާ ހިތާވެގެން އެ އުޅޭ މީހަކީ ކާކުތޯ ހޯދުމަށެވެ. އެކަމާ އެއްބަސްވެފައި ވަހީދާ ހިނގައިގަތުމުން އަރީޝާ އަވަސްއަވަހަށް ބޭރަށް ނުކުތުމަށް ދުއްވައިގަތެވެ. އަދި ވަހީދާ އަންނަންވާއިރަށް އުނދޯލީގައި އަރީޝާ އިނެވެ.

މުޅި ދުވަހު ވަހީދާގެ ކަމަކަށްވީ އަރީޝާ ރައްޓެހިވެގެން އުޅޭ މީހަކު ހޯދުމަށް ސުވާލުކުރުމެވެ. އެއްގޮތުން ނުވިއްޔާ އަނެއް ގޮތަކުން އޭނާ މަސައްކަތް ކުރިއެވެ. ނަމަވެސް އަރީޝާއަށް ނޭނގޭ މައުލޫމާތެއް އޭނާއަށް ބުނަން އެނގެނީ ކިހިނެއް ހެއްޔެވެ. ބޭއިޚްތިޔާރުގައި ވެސް އެ ވާހަކައެއް ދެއްކޭނީ އެއީ އޭނާއަށް އެނގޭ ކަމަކަށް ވާނަމައެވެ. ސަފިއްޔާއާށް އެ މައުޟޫޢުގައި ކުރި ނުލިބުނު ފަދައިން ވަހީދާއަކަށް ވެސް ކުރިއެއް ނުލިބުނެވެ.

ދޮން މުޙައްމަދު ދީދީއާއި އަބްދުﷲ މާ އޮލަވާހަކައެއްގައި ތިއްބާ އަރީޝާ އައިސް ގެއަށް ވަނެވެ. އަތުގައި އޮތް ބޮކަރު މަލުން ވަސްގަންނަމުން ހިނިތުންވެލައިގެން ހުރެއެވެ. އޭރު އިރުއޮއްސެނީއެވެ. އަރީޝާގެ ރޭގަނޑެއްފަދަ ކަޅު ދިގު އިސްތަށިގަނޑު އޮތީ ނިއުޅާލާފައެވެ. އޭނާ ފެނިފައި އަބްދުﷲ އުނދޯލިން ތެދުވެއްޖެއެވެ. އެކަން އަރީޝާއަށް ފާހަގައެއް ނުވިއެވެ. އޭނާ ވަދެގެން ދިޔައީއެވެ. އަބްދުﷲއާއި ދޮން މުޙައްމަދު ދީދީ ދެއްކި ވާހަކައެއް ވެސް އޭނާއަކަށް ނޭނގެއެވެ.

ޖެހިގެން އައި ދެތިން ދުވަހު އަރީޝާ ބޭރަށް ނުކުމެތޯ ސަފިއްޔާ ހުރީ ފާރައަށެވެ. އަރީޝާ ބޭރަށް ނުކުންނަން އުޅޭއިރަށް ސަފިއްޔާ އެކަން މަނާ ކުރެއެވެ. ދޮން މުޙައްމަދު ދީދީ އޮތީ އަރީޝާ ގެއިން ބޭރަށް ނުކުތުން މަނާކޮށްފައި ކަމަކަށް ސަފިއްޔާ ބުންޏެވެ. މިގޮތަށް ތިން ދުވަސް ވޭތިވެގެން ދިއުމާއެކު އަރީޝާ ރުޅި އަންނަ ގޮތްވެއްޖެއެވެ. ސަފިއްޔާއާ ދިމާއަށް އެއްޗެހި ކިޔެނީ ބޭއިޚްތިޔާރުގައެވެ. ކޮޓަރިއަށް ވަން ގޮތަށް ނުނިކުމެ އޭނާ އޮތެވެ. ކުއްލި ހައިރާންކަމެއް އަރީޝާއަށް ލިބުނީ ނިދިފައި ހޭލެވުނު އިރު ރަޚަބް އޭނާގެ ގާތުގައި އިނުމުންނެވެ. އޭރު ރަޚަބްގެ މޫނުމަތިން ފެންނަނީ ހާސްކަމާއި ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ. އަރީޝާއަށް ހޭލެވުމާއެކު އަވަހަށް ރަޚަބްގެ ގައިގާ އޮޅުލައިގަނެއްޖެއެވެ. އަރީޝާއަށް ލިބިފައިވާ ހުރިހާ ހިތްހަމަނުޖެހުމެއް ވަގުތުން ފިލައިގެން ދިޔައެވެ.

ކަނދުރާގައި އަޅުވާލާފައިވާ އަރީޝާގެ ދެއަތް މަޑުމަޑުން ރަޚަބް ދުރުކޮށްލިއެވެ. އޭނާގެ މޫނުމަތިން އުފާވެރިކަމެއް ފާޅެއްނުވެއެވެ. އެ އަސަރުތައް އަރީޝާގެ ހިތާއި ސިކުނޑި ނުތަނަވަސްކުރުވިއެވެ. ކައިރިކޮށްލެވުނު ދެ ބުމައަކާއެކު ހައިރާންކަމުގެ ނަޒަރެއް ރަޚަބްއަށް އަރީޝާ ބަދަލުކޮށްލިއެވެ. އެހިނދު އަރީޝާގެ އަތުގައި ހިފައިގެން ގެނެސް އެނދުގެ ފައިލާކޮޅުގައި ބޭންދިއެވެ. އަދި އޭނާގެ ކުރިމަތީގައި ރަޚަބް ހުއްޓިލައިގެން ހުރެ ވާހަކަދައްކަންފެށިއެވެ.

“އަރީޝާ އަހަރެންދެކެ ލޯބިވޭތަ؟”

“ރަޚަބްއަށް ހަމަ ނޭނގިގެންތަ ތި ސުވާލު ތި ކުރަނީ؟ އަހަންނަށް ހީވަނީ ރަޚަބްހެން އަހަންނާ ހެދި މިހާރު އުނދަގޫވެގެން އުޅެނީ” އަރީޝާގެ ހައިރާންކަމުގެ ނަޒަރުގައި މޮޅިވެރިކަން އެކުވެގެން ދިޔައެވެ.

“އަރީޝާއަށްޓަކައި އަހަރެންގެ ފުރާނަ ވެސް ޤުރުބާންކުރަން ކެރިދާނެ، އެކަމަކު އެއީ ބުއްދިވެރި ނިންމުމެއްކަމުގައި އަހަރެން ނުދެކެން، އަހަރެން ދުނިޔޭގައި ހުރެގެން ނޫނީ އަރީޝާއާއި ލިބެން އުޅޭ ކުދީންގެ ކަންކަމެއް ނުބެލެހެއްޓޭނެ… އެހެންނު؟… އަހަރެން މިއައީ އަރީޝާ ބަލާ… މި ކަހަލަ ފުރުޞަތެއް ދެން ނުލިބިދާނޭތީ… އަހަރެންގެ ލޯބިވާ އަރީޝާ… އަހަންނާއެކު ހިނގާ… މިގެއިން ނުކުމެގެން ދާން ހިނގާ…”

“ރަޚަބް! ހެޔޮނުވާނެ… ހުއްޓާލާ… ކިތައްފަހަރު އަހަރެން ބުނާނީ އަހަންނާއި އަހަރެންގެ މައިންބަފައިންނާ ވަކިކުރަން ނޫޅޭށޭ. އަހަރެން ބުނިންތަ އެއްފަހަރު ވެސް ރަޚަބްގެ ޢާއިލާ ދޫކޮށްލާފައި އަހަރެންގެ ގާތަށް އަންނާށޭ… ރަޚަބް! އަހަރެން ވެސް ވަރަށް ލޯބިވޭ ރަޚަބްދެކެ، އެކަމަކު އަހަރެން ބޭނުންވަނީ އަހަރުމެން ދެ މީހުންގެ ޢާއިލާ ވެސް ގުޅިގެން އަހަރުމެންގެ ކައިވެންޏާ ރުހިގެން ތިބުމަށް… އަހަރުމެންގެ ކުދީންގެ މުސްތަޤުބަލަށްޓަކައި ވިޔަސް އެގޮތް ވުން އަހަރެން ބޭނުން”

“އަރީޝާ! މިހާ ދުވަސްވީއިރު ވެސް ކަލެއަށް ކުޑަކޮށް ވެސް އަހަރެންގެ ގޮތް ހަމަ ނޭނގުނުތަ؟ އެއްވެސް ކަމަކާ ސުވާލެއް ވެސް ނުއުފެދޭތަ؟ އަމިއްލަ ނަފްސަށް އައި ބަދަލުތަކާ މެދު ވެސް ވިސްނާނުލަންތަ؟ އަހަރެންގެ ޢާއިލާއާ އަރީޝާ ޤަބޫލެއްނުކުރާނެ، ހަމައެގޮތަށް އަރީޝާގެ ޢާއިލާ ވެސް އަހަރެން ޤަބޫލެއްނުކުރާނެ، އެމީހުން ހަމައެކަނި ދައްކާ ދަޅައެއް އެއީ، އަހަންނަށް ކުޑަކޮށް ވެސް އިތުބާރުކުރަންޏާ އަހަންނާއެކު ހިނގާ… ނޫނީ މާ ލަސްވެދާނެ… އަރީޝާގެ މައިންބަފައިން މިހާރު ބޭނުމެއްނުވޭ އަހަންނާއި އަރީޝާ ބައްދަލުކުރާކަށް… އެމީހުން ކޮންމެގޮތަކުން ވެސް މިކަން ހުއްޓުވަން އެބަ މަސައްކަތްކުރޭ… ހީނުކުރާވަރުގެ ދެރައެއް ނުލިބެނީސް އަހަންނާއެކު ހިނގާބަލަ… އާދޭސްކުރަން…” އަރީޝާގެ ކުރިމަތީ ދެ ކަކޫ މައްޗަށް ތިރިވެ ރަޚަބް އާދޭސްކުރިއެވެ.

“އަހަރެން ބައްޕައާ ވާހަކަދައްކައިގެން ހައްލުކޮށްފާނަން، ރަޚަބްއާ ބައްދަލުކުރަން ބައްޕަ ބޭނުންވެފައި ހުރި ވާހަކަ އަހަރެން ބުނީމެއްނު… ހިނގާ އަހަންނާއެކު ބައްޕަ ގާތަށް ދަމާ… އަހަރެން އެދޭގޮތާއި ބައްޕަ ދެކޮޅެއް ނުހަދާނެ”

“އަހަރެން ބުނާގޮތް އަރީޝާ ހެދިއްޔާ ފައިދާވާނީ ހަމަ އަރީޝާއަށް… އަހަރެންގެ ޢާއިލާއަށް އެނގުމުން ވާނޭ ގޮތެއް ވެސް ނޭނގެ… އަރީޝާގެ ތި މަންމައާއި ބައްޕައަށް އެ މީހުން ހަދާނޭގޮތް އަހަރެންގެ ސިކުނޑިއަށް ސިފަކުރަން ވެސް އުނދަގޫ… އަބްދުﷲގެ މަސައްކަތް އޭނާ ފަށައިފި… މިވަގުތު އަހަންނާއެކު އަރީޝާ ނުގޮސްފިނަމަ ދެން އަހަރުމެން ދެ މީހުން ބައްދަލުވާނީ އަރީޝާ ހިތްހަމަޖެހޭ ގޮތަކަށްނޫން… އެހެންވިޔަސް އަރީޝާ އަހަންނާއެކު ނުދާނެކަން އަހަންނަށް މިހާރު އެނގިއްޖެ… ކުރާނެކަމެއްނެތް… އަހަރެންގެ ލޯބިވާ އަނބިމީހާއާއި އަހަރެންގެ ދެ ދަރީން ދުލެއްނުކުރާނަން، ވަރިހަމަ އަމިއްލަ ޢާއިލާއާ ހަނގުރާމަކުރަން ޖެހުނަސް” ފުންމައިގެން ތެދުވެ އަރީޝާއާ ދުރަށް ޖެހިފައި ރަޚަބް ބުންޏެވެ. ހަރުކަށިކަމުގައި ފެށި ވާހަކަ ނިމުނުއިރު އެ އަޑުގައި އަރީޝާ ދުވަހަކު ވެސް ނާހާ ހިތްދަތިކަން އެކުލެވިފައި ވިއެވެ. ކިހިނެއްކަމެއް ދެން ހަދަންވީ ނޭނގިފައި އިން އަރީޝާ ބަލާލީ ރަޚަބްއަށެވެ. އޭރު ރަޚަބްގެ ފުން ދެ ލޯ ވަނީ ކަރުނުން ބަރާވެފައެވެ. ކަންބޮޑުވުން އިންތިހާއަށް ގޮސްފައިވާ މީހަކު ފަދައެވެ. މީގެ ކުރިން ރަޚަބްގެ ފަރާތުން އެފަދަ އަސަރެއް ފާޅުވިޔަތަން އަރީޝާ ނުދެކެއެވެ. އިތުރަށް ބުނާނޭ އެއްޗެއް ނޭނގިފައި ހުރި މީހަކު ފަދައިން ރަޚަބް ހުއްޓެވެ. އިރުކޮޅަކު އެހެން ހުރެފައި އަރީޝާ އެނދުން ތެދުވުމާއެކު ވިދުވަރެއްހެން ރަޚަބް އައިސް އަރީޝާގެ މެދުހަށީގައި ހިފާ ގަޔާލާ ބޮނޑިކޮށްލިއެވެ. ތަޅުމުގައި ފައިނުޖެހި އަރީޝާ ހުރީ ރަޚަބްގެ އަތުގެތެރޭގައި ހައްޔަރުކޮށްލާފައެވެ. އެހެން ހުރެފައި މަޑުމަޑުން އަރީޝާ ގޮވައިގެން އައިސް އެނދުގައި ބޭއްވިއެވެ. އެއާއެކު އަރީޝާއަށް އިހުސާސް ކުރެވެން ފެށީ އޭނާގެ ބޮލަށް ބަރުވަމުން ދިޔަ ހެނެވެ. ދެ ލޯ މަރަން މަޖުބޫރުވަމުން ދިޔައެވެ. ނިތްކުރީގައި ގަދަ ރިހުމެއް އުފެދެން ފެށިއެވެ. ކަރުނައިގެ ތެރެއިން ހިނިތުންވެލި ރަޚަބް މަޑުމަޑުން އަރީޝާގެ ނިތްކުރީގައި ފިރުމާލުމާއެކު ދެ ލޯ މެރުމަށް އަރީޝާއަށް ބާރު އެޅިއެވެ. ލޯމަތިން ހިންގާލި ރަޚަބްގެ އަތްތިލައާއެކު އަރީޝާގެ ދެ ލޯ މެރި ފުންނިންޖަކަށް އޭނާ ގެނބިގެން ދިޔައެވެ.

“އަރީޝާ… އަރީޝާ… ނިކަން ލޯ ހުޅުވަބަލަ” ދުރުން އައިސް ކައިރިވި އަޑާއެކު އަރީޝާ ލޯ ހުޅުވާލިއެވެ. އޭރު އޭނާގެ ކޮޓަރީގައި މަންމައާއި ބައްޕަގެ އިތުރުން އަބްދުﷲ ވެސް ހުއްޓެވެ. އަވަސްއަވަހަށް ތެދުވެ އިށީނުމާއެކު ކޮޓަރިއަށް ނަޒަރު ހިންގާލެވުނެވެ.

“ހީވެސް ނުކުރަން މިހެންވެދާނެއެކޭ” މިވަނީ ކިހިނެއްކަން ނޭނގި އިން އަރީޝާގެ މޫނުގައި ފިރުމާލަމުން ސަފިއްޔާ ވާހަކަދެއްކިއެވެ. އެވަގުތު އެ ކޮޓަރީގައި ތިބި އެންމެންގެ މޫނުމަތިން އިންތިހާ ދަރަޖައިގެ ކަންބޮޑުވުން ފާޅުވަމުން ދިޔައެވެ.

“ސަފިއްޔާ، މި ތަށި އޭނާއަށް ދެވޭތޯ އުޅެންވީނު” އަބްދުﷲ ހިފަހައްޓައިގެން ހުރި ބިއްލޫރި ތަށި އޭނާ ދިއްކޮށްލިއެވެ.

“އަރީޝާ، މަންމަ ބުނަމެއްނު ކަމެއްދިމާވާނީ ބުނެފައެއްނޫނޭ… އަބަދުވެސް ރައްކާތެރިވާން ހަނދާންކޮށްދެމުން މިއަންނަނީ، ﷲއަށް ޙަމްދުކުރަން ދަރިފުޅު ނުގެލެއްނީސް ހުރިހާ ކަމެއް އެނގުނު ކަމަށްޓަކައި، ދެން ވެސް މަންމަމެންގެ ބަސްއަހަގެން ގެއިން ނުނިކުމެ ހުންނަނީ… އަން! މި ބޯލީމާ ތި ކުރެވޭ އުނދަގޫވުންތައް ކުޑަވާނެ” ސަފިއްޔާ މިހެން ބުނެ އަބްދުﷲ އަތުން ނެގި ބިއްލޫރި ތަށި އަރީޝާގެ ތުންފަތުގައި ޖެއްސިއެވެ.

ބިއްލޫރިތަށީގައި ހުރީ ކިލަނބު ކުލައެއްގައި ހުރި ފާޑެއްގެ ފަންޏެކެވެ. އަރީޝާއަށް އެނގެނީ ހުތް ރަހައެއް ލާކަމެވެ. އެއީ ލުނބޯގެ ހުތްކަން ކަމެއް، ނޫނީ ބިލިމަގު ހުތުގައި ހަދައިފައި ހުރި ފަނިކަމެއް ނޭނގެއެވެ. އަނެއްކާ އެއީ ހެލެނބެލި ފަނިބާވައޭ ވެސް އަރީޝާގެ ހިތަށް އެރިއެވެ. މައިންބަފައިންގެ ހިތްހަމަޖައްސައިދޭން ވެގެން އަރީޝާ ފަނިތަށި ހުސްކޮށްލިއެވެ. އެއާއެކު ސަފިއްޔާ ބަލާލީ އަބްދުﷲއަށެވެ. އޭނާ އަތުން އިޝާރާތްކުރީ މަޑުކުރުމަށެވެ. އިރުކޮޅަކު އެ މީހުން ހިމޭނުން ތިއްބެވެ.

“މަންމާ… ކިހިނެއްތަވީ؟ ކޮންމެވެސް ކަމަކާ ފިކުރުބޮޑުވެފައި ހުރިހެން ހީވޭ… ކީއްވެތ އަނގައިން ނުބުނެ ތި ތިބެނީ. އަހަރެން ނޫޅެމޭ ބޭރަށް ނުކުންނާކަށް. އަހަންނަށް ކޮޓަރީގައި އޮއްވައި ނިދުނީއޭ… އެހެންޏާ ވެސް ތިގޮތަކަށް މި ކޮޓަރިއަށް ވަދެ މަންމަމެން ނުތިބެމެއްނު” އަރީޝާ ސުވާލުތަކެއްގެ ޖަވާބު ހޯދަން މަސައްކަތް ކުރިއެވެ.

“އަހަންނަށް ފެންނަނީ އޭނާ ގާތުގައި ސަފިއްޔާ މަޑުކޮށްލަން، އަހަރުމެން މި ތިބީ ބޭރުގައި… ކަމެއްވަންޏާ އަހަރުމެންނަށް ގޮވާލާ” އަބްދުﷲ މިހެން ބުނުމުން ސަފިއްޔާ ބޯޖަހާލިއެވެ. އަދި އޭނާ އައިސް ދޮންމުޙައްމަދު ދީދީގެ ކޮނޑުގައި މަޑުމަޑުން ޖަހާލަމުން ދެ މީހުން އެކުގައި އަރީޝާގެ ކޮޓަރިން ނުކުމެއްޖެއެވެ.

“މަންމަމެން މިއުޅެނީ ކަމެއް ޔަޤީންކުރަންވެގެން… ފަހަރެއްގައި ވެސް ދަރިފުޅަށް ދެރައެއްލިބޭނޭ ގޮތަށް މަންމަމެން ކަންތައް ނުކުރާނެކަން ހަނދާންކުރޭ” އަރީޝާގެ ނިއުޅިފައިވާ އިސްތަށިގަނޑު ރީތިކޮށް ފަހަތަށްވާގޮތަށް އަތުން އޮމާންކޮށްދެމުން ސަފިއްޔާ ވާހަކަދެއްކިއެވެ. އަދި އަރީޝާގެ އިސްތަށިގަނޑު ހާވާލާފައި ނުބާއްވަންވެގެން ސަފިއްޔާ އެ އިސްތަށިގަނޑު ގަދައިދޭންފެށިއެވެ.

“އާ… މަންމާ…” އަރީޝާގެ އިސްތަށިގަނޑު ގަތައި ނުނިމެނީސް ކުއްލިއަކަށް އަރީޝާ ހަޅޭލަވަންފެށިއެވެ. އޭނާގެ އަޑުގައި ހުރި ވޭނާއި ބިރުވެރިކަމުން ސަފިއްޔާގެ މޭގަނޑު ފަޅައި ނުކުންނަން އުޅުނެވެ. ފުންމައިގެން ތެދުވިގޮތަށް ކޮޓަރީގެ ދޮރުހުޅުވާލީ އަބްދުﷲއާއި ދޮންމުޙައްމަދު ދީދީއަށް ގޮވާށެވެ. އެހެންނަމަވެސް އޭރު އެ މީހުން ވެސް އަރީޝާގެ ހަޅޭކުގެ އަޑު އިވިގެން އައިސް އެ ކޮޓަރިއާ އަރާ ހަމަވީއެވެ.

“ސަފިއްޔާ އިހަށް އޭނާގެ ގައިގާ އަތްނުލާތި… ތެޅިފޮޅިފައި އޭނާ ހަމަޖެހޭނެ… ހަމަޖެހެންދެން މަޑުކުރޭ” ކޮޓަރިއަށް އަލުން ދެމިގަތް ސަފިއްޔާގެ އަތުގައި ހިފަހައްޓާފައި އަބްދުﷲ ބުންޏެވެ.

އެނދުމަތީގައި ގުޅަވެގެން ކަހަލަ ގޮތަކަށް އަރީޝާ އޮވެ އެނބުރެމުންދިޔައީ ބަނޑުގައި ދެ އަތުން ހިފަހައްޓައިގެންނެވެ. އޭނާ ރޮއެ ހަޅޭލަވަނީއެވެ. ބަނޑުގައި ވޭންއަޅާކަމުގައި ބުނެ ސަފިއްޔާއާއި ދޮންމުޙައްމަދު ދީދީއަށް އެހީއަށް އާދޭސްކުރަމުން ދިޔައެވެ. އޭރު އޭނާ މި މަރުވަނިއްޔާ ހީވާ ފަހަރު ވެސް ދިޔައެވެ. ހީވަނީ އޭނާގެ ކުރިމަތިފަރާތުން ތޫނު ހަތިޔާރެއް އެތެރެއަށް ހަރަމުން ދިޔަ ހެނެވެ. އެއިން ކޮންމެ ފަހަރަކު “އައްދިއްޔޯ” އޭ ކިޔައި އަރީޝާގެ ރުއިން ގަދަވެއެވެ. މި މަންޒަރު ބަލަން ހުރި ސަފިއްޔާގެ ދެ ލޯ ކަރުނުން ފުރި ބަންޑުންވާން ފެށުމުން ދޮންމުޙައްމަދު ދީދީގެ ފުރަގަހަށް ވަދެ އަރީޝާއާށް ފުރަގަސްދީގެން ހުއްޓެވެ. އޭރު ދެ އަތްތިލަވަނީ އަނގަމަތީ އަޅައި ބާރުކޮށްލެވިފައެވެ. ދޮންމުޙައްމަދު ދީދީ ދެ ލޯ ބޮޑުކޮށްލައިގެން މި ފެންނަ އައު ކަންތައްގަނޑަށް ބަލަން ހުރިއިރު އޭނާގެ ނަފްސަށް ވެސް އަސަރުތަކެއް ކޮށްފައިވެއެވެ. އަބްދުﷲ ދޭތެރެއަކުން ދެ ފަރާތަށް ބޯހޫރާލަމުން ތިރީ ތުންފަތުގައި ދައިގަނެއެވެ. އޭނާ ވެސް އަރީޝާއަށް މިފަދަ ގޮތެއް ވާން ނޭދޭ ކަހަލައެވެ.

“ސަފިއްޔާ… އަހަރެން ކިޔައިދިންހެން ލޭ ހުރި ތޯ ބަލާބަލަ” އެނދުގައި އުއްޑުން ޖެހިފައި އޮތް އަރީޝާއަށް ބަލަން ހުރެފައި އަބްދުﷲ ބުންޏެވެ. އޭރު އަރީޝާގެ ހުރިހާ ހަރަކާތެއް ހުއްޓިއްޖެއެވެ. އޭނާ ހަމައެކަނި ފުންނޭވާތަކެއް ލަމުން ދިޔައިރު އަޑުވީއްލާ ރޯލާނެހާ ވަރު ވެސް ގައިގައި ނެތް ފަދައެވެ. ހޯސްލާފައި މެރިފައިވާ ދެ ލޮލުގެ ކޮޅުން ކަރުނަ ފައިބަމުން ދިޔައިރު އެ ރީތި ދެ ތުންފަތުގައި ތުރުތުރެއް އުފެދިފައިވެއެވެ.

“ރަޚަބް… ރަޚަބް… އަހަރުމެންގެ ދަރީން…” އަރީޝާގެ ހިތް ގޮވަމުން ދިޔައެވެ.

ސަފިއްޔާ އައިސް އަރީޝާގެ ކިހިލިފަތް ދޭތެރެއަށް ދެ އަތް ވައްދާލުމާއެކު އޭނާގެ ބާރުގައި ދަރިފުޅު ނެގިއެވެ. އަދި އެއްއަތުން އަރީޝާ ހިފަހައްޓާލައިގެން ހުރެ އެނދުގެ ބޯލާކޮޅުގައި އޮތް ބާލީސް ރަނގަޅު ކޮށްލާފައި އޭގެ މަތީ އަރީޝާ ބޭއްވިއެވެ. މެރިފައިވާ ދެ ލޮލުގެ އެސްފިޔަތައް ތަޅުވާލުމާއެކު ކުޑަކޮށް ލޯހުޅުވާލިއެވެ. އެސްފިޔަތަކުގެ ހަނި ދާއިރާއަކުން އޭނާގެ ގާތުގައި އިން ސަފިއްޔާއާއި ކޮޓަރީގައި ދެން ތިބި މީހުން ފެނުނެވެ. ދޮންމުޙައްމަދު ދީދީއާއި އަބްދުﷲ ފުރަގަހަށް އެނބުރި ތިއްބެވެ. އެވަގުތު އަރީޝާގެ ދެ ފައި ސަފިއްޔާ ދުރުކޮށްލުމުން ލަދުވެދިކަމާއި އިންތިހާ ދަރަޖައިގެ ހިތްދަތިކަން އަރީޝާއަށް ލިބިގެން ދިޔައެވެ. އަދި އޭނާގެ ތުރުތުރުލަމުން ދިޔަ ދެ ތުންފަތުގެ ދޭތެރެއިން ގިސްލުމުގެ އަޑެއް ބޭރުވެގެން ދިޔައެވެ. ގިނަ އިރެއްނުވެ ސަފިއްޔާ އަވަހަށް ތެދުވެއްޖެއެވެ. އަދި އެނދުގައި އޮތް ފޮތިގަނޑު ގެނެސް އަރީޝާގެ ގައިގާ އަޅައިފިއެވެ. އޭރު ކަންބޮޑުވެގެން ގޮސް އޭނާގެ ދެ ލޯ ބޮޑުކޮށްގެން ހުރެ އަރީޝާއަށް ބަލާލީއެވެ. އެ ބަލާލުމުގައި ކަންބޮޑުވުމަށްވުރެ ބިރުވެރިކަމުގެ އަސަރެއް އެކުލެވިގެން ވާހެން އަރީޝާއަށް ހީވިއެވެ.

“އެބަހުރި… ދީދީ… އަހަރުމެން ދަރިފުޅު… އަބްދުﷲއަށް ހީވީ ރަނގަޅަށް…” ކިޔޭ ނުކިޔޭއެއް ނޭނގޭ މީހަކުހެން ސަފިއްޔާ އައިސް ދޮންމުޙައްމަދު ދީދީގެ ކުރިމަތީ ހުއްޓެމުން ވާހަކަދެއްކިއެވެ.

“ސަފިއްޔާ… ކަލޭ ހަމަޖެހޭ… އަންހެން ދަރިފުޅަށް އެންމެ ބޮޑު އެހީއެއް ވެވޭނީ މަންމައަށް… ކެތްތެރިވޭ… ނިކަން އަހަރެން ގާތުގައި ބުނެބަލަ…. ކިހިނެއް ހުރީ” އަބްދުﷲ ވާހަކަދެއްކިއިރު އޭނާގެ ނަޒަރު ހުރީ އަރީޝާއަށް ހުއްޓިފައެވެ.

“އެންމެ ތަނަކަށް ނޫން ލޭފައިބައިފާ ހުރީ… އެބަހުރި ދެ ލައްގަނޑު ޖެހިފައި” ސަފިއްޔާ ބުންޏެވެ.

“ސުބްޙާނަﷲ… މިހެން ތިބެވޭކަށްނެތެއްނު… އެ ދަރިން ބަލާ އޭތި އަންނާނެ، މިހާރު ޔަޤީނުން ވެސް އެނގުންވެފައި އޮންނާނީ. އަވަހަށް އަހަރުމެންގެ މަސައްކަތް ފަށަންވީ… އޭނާގެ ބަލިވެ އިންއިރު، އެ ބަނޑުގައި އެ ވަނީ ދެ ކުދީން… ކުދީންނޭ ވެސް ކިޔާކަށް ނުވާނެ… އެއީ އިންސާނުންނެއް ނޫން، އެހެން ދެ މަޙުލޫޤެއް… ސަފިއްޔާ ބުނަމެއްނު އަރީޝާއާ ސުވާލު ކުރިޔަސް އަނގައިން ނުބުނާ ވާހަކަ، އެއްވެސް ޖަވާބެއް ނުދޭ ވާހަކަ… ވާނީ ވެސް އެހެންތާ… އެ މަޙުލޫޤު ބުނާ އެއްޗެއް ބުނާ މިންވަރަކައްނު އަރީޝާއަށް އެނގޭނީ… މަށަށް ދެރައީ އެ ހުރިހާ މަލަކާ އެއްޗެހި ގެއަށް ވައްދަން ފެށީމައާއި އިރުއޮއްސޭ އިރަށް ބޭރަށް ދާތީ އެކަން ފާހަގަނުވީމަ” އަބްދުﷲ ބުންޏެވެ.

“ބަދަލުތަކެއް އަންނަކަން ފާހަގަވި، ނިދީގައި ވާހަކަ ވެސް ދައްކާ… ނިކަން އެހެން ގޮތްގޮތަށް ވެސް އުޅޭހެން ހީވޭ… އެކަމަކު އެކަންކަމާ އަޅާނުލެވުނީ. އެހެންނުވާނީ، އަހަންނަށް ވެސް މި ކަހަލަ ކަންކަމަކަށް މާބޮޑު ފިކުރެއް ނުހިންގޭ… އަރީޝާއަކީ ގޯސް ކުއްޖެއް ވެސް ނޫން ވިއްޔާ” އިސްޖެހިފައި ހުރި ސަފިއްޔާ ބުންޏެވެ. މި ހުރިހާ ވާހަކައެއްގެ އަޑު އެނދުގައި އޮތް އަރީޝާއަށް އިވުނެވެ.

އަބްދުﷲއާ ވާހަކަދައްކަމުން ސަފިއްޔާއާއި ދޮންމުޙައްމަދު ދީދީ އެ ކޮޓަރިން ނުކުމެއްޖެއެވެ. ހަރަކާތެއްކޮށްލަން އަރީޝާއަށް ކެރުނީ ދެނެވެ. މަޑުމަޑުން ބަނޑުގައި ފިރުމާލެވުނީ ކުރިން އިހުސާސް ކުރެވުނު ވޭނުގެ ސަބަބުންނެވެ. ނަމަވެސް މިހާރު އޭނާއަށް އެ ގަދަ ފަދަ ވޭން ނުލިބޭ ކަހަލައެވެ. ބަނޑުގައިވާ ދަރީންނާ މެދު އަރީޝާއަށް ވިސްނާލެވުނެވެ. އަދި ސަފިއްޔާ ދެއްކި ވާހަކަތައް މަތިން ވެސް ހަނދާންވީ ދެނެވެ. ވަރުބަލިކަމެއް ލިބިފައިވައިވާ ހަށިގަނޑު ކޮޅަށް ނެގުމަށް އަރީޝާ ހިތްވަރުލިއެވެ. ބޯ ހިތްލާލުމާއެކު ހަށިގަނޑު ވެސް މަސައްކަތް ކުރަން ފަށައިފިއެވެ. ބެޑުޝީޓުގައި ހުރި ލޭ އަރީޝާއަށް ވެސް ފެނުނެވެ. އެހިނދު އޭނާގެ މޫނުމަތިން އިންތިހާ ދަރަޖައިގެ ކަންބޮޑުވުން ފާޅުވެގެން ދިޔައެވެ. ދުވެފައި ވަޅުކޮޓަރިއަށް ވަދެ އޭނާ ބެލީ ލޭފައިބައިތޯއެވެ. ނަމަވެސް އެނދާއި ހެނދުމުގައި ހޭކިފައި ހުރި ލޭ ފިޔަވާ އިތުރު ލެޔެއްނެތެވެ.

“އެއީ ކޮން ލެޔެއްބާ؟ މަންމަމެންނަށް އަހަރެން ބަނޑުބޮޑުކަން އެނގުނީމާ އެ ކުދީން މަރާލީތަ؟ ނޫން! ނޫން!… ރަޚަބް… ކޮބާތަ ރަޚަބް؟ އަހަރެން ގެންދަން އާދޭ ރަޚަބް… އަހަރުމެން ދަރީން…” ހަމަވިސްނުން ކުޑަ ހިނދުކޮޅަކަށް ވިޔަސް އަރީޝާ ދޫކޮށް ދިޔައީއެވެ. ވަޅުކޮޓަރީގެ ތަޅުންމަތީ އިނދެ މޫނުގައި ދެއަތް އަޅައިގެން ބާރަށް ރޮމުން އޭނާ ދިޔައެވެ. ދުލުކުރީގައި “ރަޚަބް”ގެ ނަން ނޫނީ ނުވެއެވެ. އެއްފަހަރު ރަޚަބްއަށް ގޮވާލީއްޔާ އަނެއްފަހަރު ބަނޑުގައި ފިރުމާލަމުން “މަގޭ ދަރީންނޭ” ބުނެލައެވެ. މި ސަކަރާތުގައި ސިކުނޑި ގޯސްވެފައި ވަނިކޮށް އަރީޝާ ހަމައަކަށް އެޅުވީ ބަނޑުގައިވާ ދަރީންގެ ތޮޅެލުމަކުންނެވެ. ސިހިފައި ބަނޑުގައި ހިފަހައްޓާލެވުނެވެ. އެހިނދު އަނެއްކާ ވެސް ދަރިފުޅު ތޮޅިލައިފިއެވެ. މިފަހަރު އެ ކުޑަކުޑަ އަތްތިލަ ފޫޅާ ދިމާލުން ފެންނަވަރުވިއެވެ. އަނގައިގައި ވައަތް އަޅާލެވުމާއެކު ބަނޑުން ފައުޅުވެފައިވާ ކުޑަކުޑަ އަތްތިލައިގައި އަރީޝާ ކަނާތް ޖައްސާލިއެވެ. އޭނާގެ ހިތަށް ލިބުނު ގިލަންވެރިކަން ފިލައިފިއެވެ. ހިތަށް ލިބިގެން ދިޔަ އުފާވެރިކަމާއި ސިކުނޑިއަށް ލިބުނު ހަމަޖެހުމުގައި ލުއި ހީނލުމަކުން އަރީޝާ ހީނލިއަޑު ވަޅުކޮޓަރިތެރެއަށް ފެތުރިގެން ދިޔައެވެ. ވަޅުގެ ތުންފަތުގައި އެއް އަތުން ހިފަހައްޓާލުމާއެކު އަރީޝާ ތެދުވިއެވެ.

“މަންމަ ވަރަށް ލޯބިވޭ ތި ދެ ކުދީން ދެކެ ވެސް… މަންމައާ ވަކިވެގެން ދާއިރު މި މަންމަގެ ފުރާނަ ވެސް ގެންދަންވާނެ، ދަރިފުޅުމެންގެ ބައްޕައާ ވަކިން އުޅެވިދާނެ، އެކަމަކު ދަރިފުޅުމެންނާ ވަކިންނެއް ނޫޅެވޭނެ… މަންމައަށްޓަކައި ވިޔަސް މި ދުނިޔެއަށް ތި ދެ ކުދީން އުފަންވާންވާނެ…” ބަނޑުގައި ފިރުމަމުން އަރީޝާ ވާހަކަދެއްކިއެވެ.

ސަފިއްޔާ ކޮޓަރިއަށް އައިސް ވަންއިރު އަރީޝާ އިނީ އެނދުގެ ބޯލާކޮޅު ފަޑީގައި ލެނގިލައިގެން ދެފައި ދަމާލައިގެންނެވެ. ފެންވަރައި ތަޒާ ވެލައިގެން އިންކަން އޭނާގެ މޫނުމަތިންނާއި އިސްތަށިގަނޑުން އެނގެން ހުއްޓެވެ. ހަމައެއާއެކު އެނދުގެ ތަންމަތި ބަދަލުކުރެވިފައިވާކަން ވެސް ސަފިއްޔާއަށް އެނގެވެ. ނަމަވެސް އޭނާގެ މޫނުމަތިން ހައިރާންކަން ފައުޅުވެގެން ދިޔައީ އަރީޝާގެ ބަނޑު ފެނިފައެވެ. ކުރިން އަރީޝާގެ ބަނޑެއް ނެތެވެ. އެކަމަކު މިހާރު ފެންނަން އެ ހުރީ ވިހަން ތައްޔާރުވެފައިވާ މާބަނޑު މީހެއްގެ ބަނޑެވެ. ބަހެއް ނުބުނެ އަރީޝާ ވެސް ސަފިއްޔާއަށް ބަލާލާފައި އޭނާގެ ނަޒަރު ހުއްޓާލީ ބޮޑުވެފައިވާ ބަނޑަށެވެ. އޭރު އެ ބަނޑުގެ ވަށައިގެން އޭނާގެ އަތްގުޅިނުކާނެކަން ޔަޤީނެވެ.

“ދަރިފުޅާ….” ކަންބޮޑުވެފައި ސަފިއްޔާއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ.ދެން ފެނުނީ ނިކަން ހަލުވިކޮށް އެ ކޮޓަރިން ނުކުތްތަނެވެ.

ގޭތެރޭގައި ހިނގައި އެއްވެސް ކަމެއް އަރީޝާއަކަށް ނޭނގެއެވެ. އޮޅުންފިލުވާކަށް ވެސް އޭނާ ބޭނުމެއްނޫނެވެ. ހަމައެކަނި އޭނާ ކަންބޮޑުވަނީ ބަނޑުގައިވާ ދަރީންނަށް ކަމެއް ވެދާނެތީއެވެ. އެ ނޫން އެއްވެސް ކަމަކާ އޭނާ ހާހެއްނުވެއެވެ. މައިންބަފައިންގެ ކޮންމެ ނިންމުމަކަށް އޭނާ ރުހެން ތައްޔާރެވެ. ރަޚަބްދެކެ އިންތިހާއަށް ލޯބިވިނަމަވެސް އޭނާއާ މެދު ސިކުނޑިވަނީ ހަމަނުޖެހުމެއްގެ ތެރޭގައެވެ. ކައިވެނީގެ ބޭރުން ބާއްވައިގެން ނުވާނެ ގުޅުމެއް ރަޚަބްއާއެކު ބޭއްވުނީތީ މިހާރު އެކަމާ އަރީޝާ ދެރަވެއެވެ. ސަފިއްޔާމެން އެގޮތަށް ކަންތައް ކުރަނީ ވެދާނެ ބަދުނާމެއްގެ ސަބަބުންކަމުގައި އަރީޝާއަށް ވިސްނުނެވެ. އެހެންވެ އެ މީހުން ދޭންތިބި ކޮންމެ އަދަބެއް އޭނާ ބަލައިގަންނަން ތައްޔާރެވެ. އެކަމަކު ދަރީންގެ ކިބައިން މިންޖުވުން ފިޔަވައެވެ. އެފަދަ ކަމަކަށް އެދޭވަރަށްވުރެ އޭނާގެ މައިންބަފައިންނަށް ހެޔޮ ވިސްނޭނެ ކަމުގައި އަރީޝާ ޤަބޫލުކުރެއެވެ.

އިރުއޮއްސި އަނދިރިވަމުން އައިކަމެއް އަރީޝާއަކަށް ނޭނގެއެވެ. ވަރުބަލިކަމުގައި އޭނާއަށް އޮތީ ނިދިޖެހިފައެވެ. ކާން ނުދިއުމުން ސަފިއްޔާ ގެނައި ޖޫސްތަށްޓެއް ބޯލައިގެން އޮތް ގޮތަށް އަރީޝާ އޮތީ ކޮޓަރިން ނުކުންނަން ބޭނުންނެވެފައެވެ.

މަޑުމަޑުން އަރީޝާއަށް ލޯހުޅުވާލަން މަޖުބޫރުވީ ކޮޓަރިތެރޭގައި އުދާސްކަމެއް އުފެދި ހޫނުވާން ފެށުމުންނެވެ. ބަނޑަށް ވެސް ވާންވާހެން ހީވެއެވެ. ފުންނޭވާތަކެއް ލަމުން އަރީޝާ ކުޑަކޮށް ތެދުވެލިއެވެ. ދިއްލާފައި ހުރި ހޮޅިބުރިން މުޅި ކޮޓަރިތެރެ އަލިވެފައި އޮތެވެ. ބޯމަތިން އެނބުރެމުން ދިޔަ ފަންކާއަށް އަރީޝާ ބަލާލިއެވެ. ކުރިއެކޭ އެއްގޮތަށް އޭގެ އެންމެ ބާރު މިނުގައި ފަންކާ އެނބުރެމުން ދިޔައެވެ. ނިތްކުރި މަތިން ފައުޅުވާންފެށި ދާތިކިތައް ވައަތުގެ ނުފުށުން އަރީޝާ ފުހެލިއެވެ. އަދި ބޯލާކޮޅު ފަޑީގައި ޖެހިލައިގެން އިށީނުމަށް އުޅުނެވެ. އެހިނދު އޭނާގެ ނަޒަރު ގޯތިތެރެއަށް ހުޅުވެން ހުރި ކުޑަދޮރާ ދިމާއަށް ދިޔައެވެ. ފަރުދާތައް ކަހާލެވިފައިވާ އެ ކުޑަދޮރުން ފެންނަނީ އަނދިރިކަމެވެ. އެ އަނދިރިގަނޑުން ކުއްލިއަކަށް ފައުޅުވީ ނުބައި ސިފައެއްގައި ހުރި މަޙުލޫޤެކެވެ. އޭގެ އަނގުރުގަނޑެއްފަދަ ދެ ލޮލުން އަރީޝާ އަންދާ އަޅިއަށް ހަދާލަން ބޭނުންވެފައިވާ ކަހަލައެވެ. ހަމައެހިނދު ބިރުވެރިކަމުން ފުރިގެންވާ ގަދަ ހަޅޭކެއް އަރީޝާގެ އަނގައިން ނުކުތެވެ. މިއަޑަށް އެ ކޮޓަރިއަށް ސަފިއްޔާއާއި ދޮންމުޙައްމަދު ދީދީ އައިސް ވަނެވެ.

އަރީޝާ މަސަލަސް ކުރެވޭތޯ ސަފިއްޔާ އުޅެއެވެ. ނަމަވެސް އަރީޝާގެ ހަޅޭއް ހުއްޓުނީ އެތައް އިރެއްފަހުންނެވެ. އެވެސް އޭނާގެ ހެޔަށް ގޮތްވެ އަނބުރައިގަތުމުންނެވެ. ދެން އޭނާ ހޭ އެރިއިރު އޮތ ބޭރުގޭ އަށިމަތީގައި ފޮތިގަނޑެއް އަޅައި ބާއްވާފައެވެ. އޭރު ގޭތެރޭގައި ހަރު ފިރިހެނުންތަކެއް އުޅެމުން ދެއެވެ. ދުރުގައި އަބްދުﷲގެ އަނބި ކުލްސޫމާގެ ގާތުގައި ސަފިއްޔާ ހުރެ ރޮމުން ދިޔައެވެ. ދޮންމުޙައްމަދު ދީދީއާއި އަބްދުﷲ ވާހަކަދައްކަން ތިއްބެވެ. ތެދުވަން ވެގެން އަރީޝާ އުޅުމާއެކު އޭނާއަށް ފެނުނީ ބޭރުގޭ ދޮރުމަތިން ކަޅު ބޮޑު ހިޔަންޏެކެވެ. އެއާއެކު ތޫލި ބާރު ހަޅޭކެކެވެ. ދެކަންފަތުގައި އަތްއެޅުމާއެކު އަރީޝާއަށް ކުރުގެޅިލެވުނެވެ. އޭނާގެ މި ހަރަކާތުން އަބްދުﷲއަށް ނިކަން އަވަހަށް ސަފިއްޔާ ގޮވާލި އަޑުއިވުނެވެ. އަރީޝާ އަނެއްކާ ވެސް ތެދުވަން އުޅުނެވެ. އޭނާގެ ހިތް ބިރުވެރިކަމުން ފުރިފައިވެއެވެ. މިވަނީ ކިހިނެއްކަން ނޭނގޭތީއެވެ. ގައިމަތީ އަޅާފައިވާ ބެޑުޝީޓުގަނޑު އެއްފަރާތްކޮށްލާފައި އަރީޝާ އަނެއްކާ ވެސް ތެދުވެއްޖެއެވެ. އެހިނދު ބޮޑުއަށްޓައި ދިމާލުގައި ބާރުގަދަ ބަޔަކު އައިސް ތިއްބާ ފެނުނެވެ. ދެން އަނެއްކާ ވެސް އަރީޝާއަށް ވީގޮތެއް ނޭނގުނެވެ.

މިފަދަ ހާލެއްގައި އެތައް އިރަކު އަރީޝާ އުޅުނެވެ. އޭނާގެ ގާތުގައި ތިބެގެން ޤުރުއާން ކިޔަވާ އަޑު ވެސް އިވެމުންދެއެވެ. އެ އަޑުން ހަށިގަނޑަށް ފިނިކަމެއް ލިބެއެވެ. އަނެއްބައި ފަހަރަށް އޭނަގެ މެޔާއި ބަނޑު ފަޅައިލާން ބަޔަކު އުޅެނީއޭ ވެސް ހީވެއެވެ. ތެޅިތެޅި އަރީޝާވަނީ އިންތިހާއަށް ވަރުބަލިވެފައެވެ. ކަރުތެރެއާއި ދެ ތުންފަތް ހިކިފައެވެ. ލޯ ހުޅުވައިގެން އޮތަސް ލޯ މަރައިގެން އޮތަސް އަރީޝާއަށް އޭނާގެ ވަށައިގެން ހިނގާ ކަންކަން ފެނެއެވެ. މީހުންތަކުގެ ތެރޭގައި އަބްދުއްރަޢޫފު ހުރިތަން ވެސް އަރީޝާއަށް ފެނެއެވެ. އަމިއްލަ ނަފްސާ އަރީޝާ ސުވާލުކުރަން ފެށިއެވެ. އޭނާއަށް މިވަނީ ކިހިނެއްބާއެވެ. ވަށައިގެން ތިބި މީހުންތައް އެ ކުރަނީ ކީއްބާއެވެ. ހަތިމުތައް ހިފައިގެން ކިޔެވުމުގައި އެ މީހުން އުޅެނީ ކިހިނެއްވީބާއެވެ. ވާހަކަދައްކަން އަނގަ ހުޅުވާލިއެއްކަމަކު އަޑެއް ނުނިކުމެވެ. އަނގަހުޅުވުނު ހެން ވެސް އަރީޝާއަށް ހީނުވަނީއެވެ. އެހެން އޮއްވާ ކުއްލިއަކަށް ރަޚަބް ފާޅުވެއްޖެއެވެ. ދެން އިވުނީ އަބްދުﷲގެ އަޑެވެ. އަރީޝާއާ ސުވާލުކުރިއެވެ.

“އޭނާ އަތުވެއްޖެތަ؟” އަބްދުﷲ ކުރި ސުވާލަށް ޖަވާބު ނުދީ އޮންނާނެހާ ހިތްވަރެއް އަރީޝާގެ ނެތެވެ.

އެއްފަރާތުގައި ކިޔަމަންތެރިކަމާއެކު ހުއްޓިލައިގެން ހުރި ރަޚަބްގެ ދެ ލޯ ވަނީ ކަރުނުން ފުރިފައެވެ. އޭނާގެ ގައިގާ ޒަހަމްތަކެއް ހުއްޓެވެ. ހަމައެއާއެކު އޭނާގެ ފަހަތުގައި ތަންކޮޅެއް ދުރުގައި އެތައް ބަޔަކު ތިއްބެވެ. އެމީހުން ތިބީ ރުޅި އައިސް ރަތްވެފައެވެ. ހީވަނީ ދެންމެ ދެންމެ އަރައިގަނެދާނެހެންނެވެ. އަރީޝާއަށް އޭނާގެ އަތް ރަޚަބްއަށް ދިއްކޮށްލެވުނެވެ. އެއާއެކު އަބްދުﷲގެ އަޑު އަރީޝާގެ ކަންފަތުގައި ގުގުމައިގެން ދިޔައެވެ.

“ކަލޭ ހީކުރާކަހަލަ މީހެއް ނޫން އެއީ… އޭނާއާ ސުވާލުކޮށްބަލަ… އެއީ އަހަރުމެންގެ ތެރޭގައި އުޅޭ ޝައިތާނެއް، އިންސާނެއްނޫން… އަހާބަލަ ކީއްކުރަންތޯ އަޅައިގަނެގެން ތިއުޅެނީ”

އަރީޝާ އަނގައިން ނުބުނިކަމުގައި ވިޔަސް ރަޚަބް ވާހަކަދެއްކިއެވެ. އޭނާ އަބްދުﷲގެ ވާހަކަ ތެދުކުރިއެވެ. އޭނާއަކީ އިންސާނެއްނޫންކަމެވެ. އެހެންނަމަވެސް އަރީޝާއަށް ގެއްލުމެއް ދޭން އޭނާ ނޫޅޭކަމެވެ. އަރީޝާދެކެ ލޯބިވާކަމާއި ބޭނުންވަނީ އަރީޝާއާއެކު ދިރިއުޅުމެއްކަމެވެ. ނަމަވެސް އެ ވާހަކަތަކާއެކު ކުއްލިއަކަށް ރަޚަބްއަށް ގޮތްތަކެއް ވާންފެށިއެވެ. އޭނާ ދެ ކަކޫ މައްޗަށް ވެއްޓުނެވެ. އެހިނދު ފަހަތުގައި ތިބި މީހުންތަކަށް އޭނާ ބަލާލިއެވެ.

“އަހަރެން ލޯބިވޭ އަރީޝާދެކެ” ރަޚަބްގެ ފަހަތުގައި ތިބި މީހުންތަކަށް ބަލަމުން އޭނާ ބުންޏެވެ.

އަރީޝާއަށް ހުރިހާ ހަޤީޤަތެއް އެނގުނީ ދެނެވެ. ރަޚަބްއަށް ދިއްކޮށްލެވިފައިވާ އަތް އޭނާ ގެނެސް މޭމަތީ ބާއްވާލިއެވެ. ބިރުވެރިކަމުގެ އަސަރު މުޅި ހަށިގަނޑަށް ވެރިވެގެން ދިޔައެވެ. މިކަމުން ސަލާމަތްވާން ތެޅިގަނެވުނެވެ. އިތުރަށް ބިރުގަންނަފެށީ ވަށައިގެން އެކި ސިފަސިފައިގައި ތިބި އެއްޗެހި ފެންނަން ފެށުމުންނެވެ. އެމީހުން އިންޒާރު ދެނީއެވެ. ބަނޑުގައިވާ ދަރީން މަރާލާނެކަމުގައެވެ. އަދި ޢާއިލާގެ ދުވަސް ވެސް ދުއްވާލާނެކަމުގައެވެ. އަބްދުﷲ ކުރާ ކަންތައް ހުއްޓާލުމަށް ވެސް އެމީހުން ބުނަމުން ދިޔައެވެ. އަރީޝާއަށް ރޮވެންފެށުނެވެ. އޭނާ މިފަދަ ލޯތްބެއް ބޭނުމެއްނެތެވެ. ރަޚަބްދެކެ އޭނާ ބިރުގަންނަ ފެށިއެވެ.

ނުފެންނަ މަޙުލޫޤުންތަކަކާއި ހަނގުރާމަކުރަމުން ދިޔައިރު އެ ދެފަރާތާ ގުޅިފައިވީ އަރީޝާއެވެ. އޭނާ މިހާރު މުޅިން ވަރުބަލިވެއްޖެއެވެ. ހަށިގަނޑަށް އެއްޗެއް ނުދިރެއެވެ. ތިންރޭ ތިންދުވާވީއެވެ. ބިރުން ހަޅޭލެވުމާއި ރުއިން ފިޔަވައި އޭނާއަށް އެއްކަމެއް ވެސް ނުކުރެވެއެވެ. ދޭތެރެއަކުން ސަފިއްޔާއަށް އޭނާ ގޮވަމުން ދިޔައީ މިކަމުން ސަލާމަތްކޮށްދޭށޭވެ. އަބްދުﷲގެ ކުޅަދާނަކަމާއެކު ކަންތައްތައް މައިތިރިކުރަން ފެށިއެވެ. އެހެންނަމަވެސް އަރީޝާ އިނީ ވިހަންވެފައި ކަމުން އޭނާ ވިހާ ދަރީން އެ މީހުން ގެންދާނަން ކަމުގައި ބުނަމުން ދިޔައެވެ. އަރީޝާ އޭނާގެ ފުރާނަ ހުއްޓާ އެކަމެއް ނުވާނެކަމުގައި ބުނަމުންދިޔައެވެ. އަރީޝާއާ ވަކިވާން އޭނާގެ މައިންބަފައިން ނޭދެއެވެ. އެހެންވެ އެމީހުން ވެސް ތިބީ އަރީޝާއާ އެއްކޮޅަށެވެ. ރަޚަބްއަކީ ކޮންކަހަލަ މީހެއްކަން އެނގުނު ފަހުން އޭނާއާ އެއްގޮތަކަށް ބައްދަލުކުރާކަށް އަރީޝާ ބޭނުމެއްނޫނެވެ. އަދި ދަރީންގެ ބައްޕައަކީ އެއީ ކަމުގައި ވިޔަސް އެ ދަރީންނަށް ރަޚަބްގެ ވައި ވެސް އެޅޭން އޭނާ ނޭދުނެވެ.

ބަހައްޓަމުން ދިޔަ ވަރުގަދަ އެތިފަހަރުތަކުން އަރީޝާ ދެ ދަރިން ވިހައިފިއެވެ. އެރޭވީ ގެ ވެސް ރޫޅިގެން ވެއްޓިދާނެހެން ހީވި ރެއަކަށެވެ. ގޯތީގައި ހުރި ޖަނބުރޯލު ގަސް މުލުން ލުހެލާފައި އޮތެވެ. އަބަދުﷲ އެންމެ ބޮޑު ހަނގުރާމައެއް ކުރީ އެރޭއެވެ. ވިހޭގޭ ތެރެއަށް ރަޚަބްވަނީ އެތައް އަނިޔާތަކެއް ލިބެމުންނެވެ.

“އަރީޝާ… އަހަރުމެން ދެ މީހުންގެ ލޯބީގައި އެޅި މޭވާތީ… އަހަރެން އަރީޝާ ދޫކޮށްލާފައި ހިނގައިދާނަން، އެކަމަކު ދަރީން ދީ… މި ހުރިހާ ކަމަކުން އޭރުން ސަލާމަތް ވެވޭނެ… އަހަރެން ކުރިން ވެސް ބުނީމެއްނު، އަހަންނަކީ ކާކުކަން އެނގުނީމާ ދުރަށް ދާނީ އަރީޝާ ކަންނޭނގެއޭ.. މިއަދު އެކަން ޔަޤީންވެއްޖެ…”

“ނޫން ރަޚަބް… އަހަރެންގެ ދަރީންނެއް ނުލިބޭނެ… އަހަރެން މި ދަރީން ބޮޑުކުރާނީ، ކަލޭމެންގެ އެއްވެސް ނުފޫޒެއް ނުފޯރާ ގޮތަށް، ރަޚަބް ތި ހުރީ އިންފަހަނައަޅައި ގޮސްފައި… އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަހަންނަށް އޮޅުވާލީ، އަހަރެން ހުރީ ރަޚަބްގެ ބާރުގެ ދަށުގައި… ރަޚަބް ބޭނުންކަމެއް އަހަރެން ލައްވާ ކުރުވީ… އެއީ ލޯތްބެއްނޫން… އިންސާނުންނާ ގުޅޭނީ އިންސާނުން… ކަލޭގެ ދެއަތުން އަހަރެންގެ ކަރުގައި ހިފާ މަރާލާ… އެއަށްފަހު މި ދެ ކުދީން ހިފައިގެން ކަލޭ ދޭ” އަރީޝާ ރުޅި އައިސްފައި ވާހަކަދެއްކިއެވެ.

“ދެ ކުދީން ލިބުމަކީ އަހަރުމެން ދެ މީހުންގެ ނަސީބުކަމަށް ވެސް ވެދާނެ، ތި ތަނުން އެއްކުއްޖަކީ ފުރިހަމަ އިންސާނެއް… އެކަމަކު އަނެއްކުއްޖާ އަރީޝާމެންގެ ތެރޭގައި ނުގެންގުޅެވޭނެ… އެއީ އަހަރުމެންގެ ކުއްޖެއް، އެކުއްޖާ އަހަންނަށް ގެނޭ… އޭރުން ހިނގައިދާނަން… ދުވަހަކު ވެސް އަރީޝާއަށް ނުފެނި އުޅެފާނަން” ރަޚަބްގެ އަޑުގައި ރުޅިވެރިކަމެއް ނުވެއެވެ. އޭނާ އާދޭސްކުރާ ފަދައެވެ.

“ކަލޭމެންނަށް އިތުބާރެއް ނުކުރާނަން… ތިއީ ދޮގު ހަދާ އޮޅުވާލާ ބައެއް، އެއްވެސް ކުއްޖެއް ނުލިބޭނެ…. މި ބުނީނު ނުދޭނަމޭ…” އަރީޝާ ހަޅޭލަވައި ގަތެވެ.

“އަހަރެން އަރީޝާދެކެ ވީ ހަޤީޤީ ލޯބި… އަހަންނަކީ އެ ކުދީންގެ ބައްޕަ، ހަނދާންކުރާތި، އަހަރެންގެ ދަރިފުޅު އަހަރެން ގެންދާނަން، އެ ދުވަހަކުން އަރީޝާއަށް ތި ހުރިހާ ބާރެއް ނުދެއްކޭނެ… އަދި އަހަންނާއި އަރީޝާއާ ދެމެދު އެއްވެސް ގުޅުމެއް ނޯންނާނެ… އަހަރެންގެ ހަމްދަރުދީއެއް ވެސް ނުލިބޭނެ… އެ ކުދިން އަހަރެންގެ މަތީން އަރީޝާ ހަނދާންނެތުނަކަ ނުދޭނެ” ރަޚަބް ހަރުކަށިކަމާއެކު ބުނެލިއެވެ. އޭނާގެ އަޑުން އަރީޝާގެ މޭ ފޫއަޅުވާލި ކަހަލައެވެ. ދެ ފަރާތުގައި އޮތް ދެ ދަރިންގެ ބާރު ރުއިމުގެ އަޑު އިވިގެން ދިޔައީ ހަމަ އެވަގުތުއެވެ.

ފަތިސްވިއިރު ހުރިހާ ކަމެއް އަމާންވެއްޖެއެވެ. ލިބުނު ކާމިޔާބީއިން އަބްދުﷲ ފެންނަނީ ހިތްހަމަޖެހިފައި ހުރިތަނެވެ. އަރީޝާގެ ހަށިގަނޑަށް ވެސް ލުއިވެއްޖެއެވެ. ނަމަވެސް ދެ ދަރީންނަށް ބަލާލުމުން ރަޚަބްގެ މަތިން އަރީޝާ ހަނދާންވެއެވެ. އޭނާ ބުނި ފަދައިންނެވެ. އަރީޝާގެ ހަށިގަނޑު ވަނީ އަނަރޫފަވެފައެވެ. ވިހައިގެން ގަދަވާން ދުވަސްތަކެއް ނެގިއެވެ. ދެ ކުދިންނަކީ ކޮންމެ ގޮތަކަށް ލިބިފައިވާ ދެ ކުދީން ކަމުގައި ވިޔަސް އެ ދެބެންދެކެ ސަފިއްޔާއާއި ދޮންމުޙައްމަދު ދީދީ ލޯބިވެއެވެ. އަރީޝާ ގަދަވުމާއެކު އޭނާއާ އަބްދުއްރަޢޫފު ވާހަކަދައްކަން އައެވެ. ރަށުގައި ފާޑުފާޑުގެ ވާހަކަ ފެތުރުމުގެ ކުރީން އެކަމުން ސަލާމަތްކުރަން ދޮންމުޙައްމަދު ދީދީ ބޭނުންވާތީ އޭނާ އެދެނީ އަބްދުއްރަޢޫފާއި އަރީޝާގެ ކައިވެނި ކުރުމަށްކަމަށް ބުންޏެވެ. މިފަހަރު އަރީޝާ ދެކޮޅެއް ނުހެދިއެވެ. އޭނާގެ މައިންބަފައިން ރުހޭ ކޮންމެ ގޮތަކަށް ބޯލަނބަން އޭނާ ހުރީ ތައްޔާރަށެވެ. އަބްދުއްރަޢޫފު ބޭނުން ދުވަހަކަށް ކައިވެނި ހަމަޖައްސަން އަރީޝާ ބުންޏެވެ.

ހަފްތާއެއްގެ ތެރޭ ވަރަށް ވެސް އާދައިގެ ގޮތަކަށް އަބްދުއްރަޢޫފާއި އަރީޝާގެ ކައިވެނި ކުރެވުނެވެ. އަރީޝާއަށް މި ދިމާވި ކަމެއްގައި އަބްދުﷲއަށް އެހީތެރިވުމުގައި އުޅުނު މީހުންގެ ތެރެއިން އެކަކުގެ މަރުގެ ޚަބަރު އައީ އެރެއެވެ. އެއަށްފަހު ކޮންމެ ދެ ރެއަކުން އެއްރެއަކު ކަހަލަ ގޮތަކަށް މީހަކު މަރުވާން ފަށައިފިއެވެ. އެ މީހުންގެ ޢާއިލާތަކުން ކަންބޮޑުވުން ފާޅުކުރަން ފެށިއެވެ. ކޮންމެ މީހަކު ވެސް ފެންނަނީ އެ މީހެއްގެ ކޮޓަރީގައި މަރުވެފައި އޮއްވައެވެ. ފިޓުޖެހިފައި ފަރުވާއެއްނުލިބި ގިނައިރު ވެގެން މަރުވީ ކަމުގައި މީހުން ބުނެއެވެ. މި އަޑުތަކުން އަރީޝާ ބިރުން ފިތްކެނޑިފައި ހުރިއިރު އަބްދުއްރަޢޫފު ބުނަމުން ދިޔައީ އޭނާ ރައްކާތެރިކޮށްދޭނެ ކަމުގައެވެ. މި ހުރިހާ ކަމަކާހުރެ ވަގުތުން އަބްދުއްރަޢޫފު މަސައްކަތް ފެށިއެވެ. ދެރައީ އަރީޝާއާއި ދަރީން ރައްކާތެރި ކުރުމުގައި އުޅޭން ހަދައިގެން އޭނާގެ ޢާއިލާ ސަލާމަތް ނުކުރެވުނީތީއެވެ. ސަފިއްޔާއާއި ދޮންމުޙައްމަދު ދީދީ ވެސް ދުނިޔެއާ ވަކިވެގެން ދިޔައީއެވެ. އަބްދުﷲއާއި އޭނާގެ އަންހެނުންނާއި ރަށުގައި ތިބި ދަރީން ވެސް ނެތި ދިޔައީއެވެ. މިކަމުގައި ރަށުތެރެ ހަލަބޮލިވެގެން ދިޔައެވެ. ޒަލީފްއާއި ޒަލަފްއާ ދެބެން ގޮވައިގެން ރަށުތެރޭގައި އުޅުން ފަސޭހަ ނުވާނޭކަން އަބްދުއްރަޢޫފަށް ވިސްނުމާއެކު އޭނާ ވަލުތެރޭގައި ގެއެއް އެޅީއެވެ. އަދި އަބްދުﷲގެ ފޮތްތަކުން އޭނާ ކަންވެރިކަމަށް އެއްކޮށް ހުސްވެގަތީއެވެ. އަރީޝާއާއި ކުދީން ގޮވައިގެން ވަލުތެރެއަށް ބަދަލުވީއެވެ. ރަށުގައި އަރީޝާއާއި އަބްދުއްރަޢޫފުގެ ޢާއިލާ ނެތިގެން ދިޔަ އަޖައިބު ކުރުވަނިވި ގޮތުގެ ވާހަކަ ދުވަސްތަކެއް ވާންދެން ދެއްކިއެވެ. އެހެންނަމަވެސް އެ އަޑުތައް ފާއިތުވަމުން ދިޔަ ދުވަސްތަކާއެކު އޮބި ވަޅުލެވިއްޖެއެވެ. މިހާރު އެ ރަށުގައި އަރީޝާމެން ދިރިތިބިކަން ދަންނަ އެކަކު ވެސް ނެތެވެ. އެ މީހުން ހޯދާކަށް ވެސް ބަޔަކު ނޫޅެއެވެ. ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި އެމީހުންގެ ޢާއިލާއަށް ދިމާވި ހިތްދަތިކަމުން އަރައިގަތުމަށް އަރީޝާއާއި އަބްދުއްރަޢޫފު ރަށުން ފައިބައިގެން ދިޔައީއެވެ. އެކަމުގެ ތެދު ދޮގު އޮޅުން ފިލުވާކަށް އެއްވެސް ބަޔަކު މަސައްކަތެއް ނުކުރެއެވެ.

“މަންމާ” އަރީޝާގެ ގޮނޑުގައި އަތްޖައްސާލަމުން ޒާލިފު ގޮވާލިއެވެ. ރޮވެމުންދިޔަ އަރީޝާއަށް ޒާލިފުގެ ގައިގާ އޮޅުލައިގަނެވުނީ ބޭއިޚްތިޔާރުގައެވެ.

“ދަރިފުޅުމެން ގެންދިޔަކަ ނުދޭނަން” އަރީޝާއަށް ބުނެލެވުނެވެ. އެއާއެކު އޭނާގެ ހިތި މާޒީގެ ފަރުދާ ކެހިގެން ދިޔައެވެ. އަދި ދެއަތުގެ ތެރޭ ވަނީ ތުއްތު ދަރިފުޅު ނޫންކަން އެނގުނެވެ. އޭނާގެ ދަރީން ބޮޑެތިވެއްޖެއެވެ. ފުރިހަމަ ޒުވާނުންނަށް ވެއްޖެއެވެ. ޒާލިފަށް ބަލާލަމުން އެ މޫނުގައި އަރީޝާ ހިފާލިއެވެ. އެ ސޫރަ ރަޚަބްގެ މަތީން އަރީޝާ ހަނދާންނެތުނަކަށް ނުދެއެވެ. ރަޚަބް ބުނީ ތެދެކެވެ.

އަރީޝާ ރޮމުން އައިސް ކޮޓަރިއަށް ވަންކަން އެނގުމުން އޭނާގެ ފަހަތުން އަބްދުއްރަޢޫފު ވެސް ވަނެވެ. ނަމަވެސް އަރީޝާ ރޮމުން ދިޔައީ ވަރުގަދަ ޚިޔާލެއްގައި ބަނދެވިފައި އިންހެންނެވެ. އަބްދުއްރަޢޫފު ދައްކާ އެއްވެސް ވާހަކައެއް އަރީޝައަށް އަޑެއްނީވޭއެވެ. މާޔޫސްވެފައި ހުރި އަބްދުއްރަޢޫފު އެއްފަރާތަށް ޖެހިލީ އަރީޝާގެ ގާތުގައި ޒާލިފު އިނުމުންނެވެ. މިވަގުތު އޭނާއަށްވުރެ ޒާލިފުގެ ފަރާތުން ލިބޭ ހިތްވަރުން އަރީޝާ ހަމައަކަށް އެޅިދާނޭ އަބްދުއްރަޢޫފަށް ހީވާތީއެވެ. މަޑުމަޑުން ކޮޓަރިން ނުކުމެގެން އަބްދުއްރަޢޫފު ދިޔައެވެ.

“މަންމާ، ދެން ނުރޮއެ… ޒަލަފް އެގޮތަށް ވާހަކަ އެ ދެއްކީ އޭނާއަށް ވެސް މި ހުރިހާ ކަމެއް ކުއްލިއަކަށް އެނގުނީމާ… އަހަރެން ވެސް މިހިރީ ވަރަށް އަޖައިބުވެފައި… ތެދަށް ބުނަންޏާ ޒަލަފްއާ އަހަރެން އެއްބަސް… މީ ސިއްރުކޮށްގެން ވާނޭ ކަހަލަ ވާހަކައެއްނޫން… ކުރިއްސުރެ މި ހުރިހާ ކަމެއް އެނގިފައި އޮތްނަމަ ޒަލަފް ވެސް ރުޅިގަދަވެގެން ނޫޅޭނެ”

“ޒާލިފު، ދަރިފުޅުމެންނާ ވަކިވާކަށް މަންމަ ދުވަހަކުވެސް ނޭދެން… އެކަމަކު އާޚިރުގައި މިވީ ކިހިނެއް؟ ޒާލް އެންމެ ނަފުރަތު ކުރާ މީހާއަށް މިއަދު މަންމަ މިވީ” ޒާލިފުގެ ކޮނޑުގައި ބޯޖައްސާލަމުން އަރީޝާ ބުންޏެވެ.

“އަހަރުމެން ދެ މީހުން ވެސް މަންމަދެކެ ލޯބިވަން، ތި ފަދަ އެއްޗެހި ހިތަށް ނާރުވާ… މިވަގުތު ޒަލަފް އެ ހުރީ ހިތްހަމަނުޖެހިފައި، ދެން ވެސް އޭނާއަށް އިތުބާރުކޮށްފައި އަމިއްލަ އިޚްތިޔާރުގެ ބޭނުން ހިފުމަށް ދޫކޮށްލަންވީ… އިތުރަށް އޭނާ ހިފަހައްޓަން އުޅޭނަމަ ކަންތައްތައް ހައްތާ ގޯސްވެދާނެ… މަންމަ ވެސް ހިތްވަރު ކުރޭ، އިރާދަކުރެއްވިއްޔާ މާޒީގައި ހިނގައިދިޔަ ފަދަ ހާދިސާތަކެއް ތަކުރާރެއްނުވާނެ” އަރީޝާގެ އަތްތިލައިގައި ޒާލިފު އަތުން ފިރުމާލިއެވެ. އަރީޝާ ދެ ލޯ ފުހެލުމާއެކު ޒާލިފު އެދުނު ފަދައިން ހުރިހާ ކަމަކާ ކުރިމަތިލާން ތައްޔާރުވިއެވެ.

ހިތްހަމަނުޖެހިގެން އެނބުރި ކޮޓަރިއަށް ދިޔަގޮތަށް ޒަލަފް ނުނިކުމެވެ. އޭނާގެ ސިކުނޑިއަށް ހަމަޖެހުމެއް ލިބިގެން ދިޔައީ އޭނާގެ ފޯނަށް އައި ޔަލާގެ މެސެޖުންނެވެ. ގޭތެރޭގައި ހިނގައިގެން އުޅޭ އެއްވެސް ކަމެއްގެ އަސަރެއް ޔަލާއާ ހަމައަށް ދާކަށް ޒަލަފް ބޭނުމެއްނޫނެވެ. އެ ޚިޔާލާއެކު އިތުރަށް ވިސްނާލަން ޒަލަފްއަށް ޖެހުނެވެ. އަރީޝާގެ ވާހަކަތާ މެދު ވިސްނުން ހިންގަން މަޖުބޫރުވިއެވެ. ހާލަތު ނިޔާ ކުރި ގޮތުންނެވެ.

“އަހަރެން ޔަލާދެކެ ވަރަށް ލޯބިވޭ… އެކަމަކު އަހަންނަކީ ޔަލާ ފަދަ އިންސާނެއްނޫން… ޔަލާއަށް ހަޤީޤަތް އެނގިއްޖެއްޔާ ކަންތައްކުރާނީ މަންމަ ފަދައިން ނޫންކަމެއް ވެސް ނޭނގެ… އަހަންނަކީ އިންސާނެއްނޫންވީމާ… އަހަރެން… އަހަރެން….” ކުއްލިއަކަށް ހިތާއި ސިކުނޑިއަށް ވަން ވަރުގަދަ ޚިޔާލުން ސަލާމަތްވުމަށް ދެ ފަރާތަށް ޒަލަފް ބޯހޫރަން ފެށިއެވެ. ދެ އަތުން ބޮލުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ.

“އަހަރެން ބޭނުން ބައްޕަ ކައިރިއަށް ދާން… އިތުބާރުކުރަންވީ ކާކަށްކަމެއް ނޭނގެ… އަހަރެންގެ އަމިއްލަ ނިންމުން އެކަކަށް ވެސް މުހިންމެއްނޫން” އެނދުން ތެދުވެގެން އައިސް ގޭޓު ފެންނަން ހުރި ކުޑަދޮރު ކައިރީ ޒަލަފް ހުއްޓިލީ އަމިއްލަ ހިތާ ޝަކުވާ ކުރަމުންނެވެ.

“ޒަލަފް…” ކޮޓަރިއަށް ވަން ޒާލިފުގެ އަޑު އިވިގެން ޒަލަފް ބަލާލިއެވެ.

“އަދިވެސް ރުޅި އައިސްފައިތަ؟” ޒާލިފަށް ބަލާލަފައި ކުޑަދޮރާ ދިމާއަށް ޒަލަފް މޫނު އަނބުރާލުމުން ޒާލިފު އަހާލިއެވެ. ދެން ވެސް ޒަލަފް އަނގައިން ނުބުނުމުން ޒާލިފު ވާހަކަދެއްކިއެވެ.

“މަންމަ އެވަރަށް ރޯއިރު ވެސް ޒަލަފްގެ ހިތަށް އުނދަގުލެއްނުވިތަ؟ ދުވަހަކު ވެސް ދުށިންތަ މަންމަ ރޮނިކޮށް؟ ކުއްލިއަކަށް ތިހާ ބޮޑު ބަދަލެއް ޒަލަފްއަށް އައީމަ އަހަރެން ވެސް މިހާރު ކަންބޮޑުވޭ… ޒަލަފްގެ ހިތް ހަރު ހިލަގަނޑަށް ބަދަލުވީތަ؟”

“ޒާލިފު… މަންމަދެކެ އަހަރެން ލޯބިވަން، ހަމައެގޮތަށް އަހަރެންގެ ބައްޕައަކީ ކާކުކަން ވެސް އެނގެން ބޭނުން، އަނެއްކޮޅުން ހުރަގެއަށްލާފައި ހުރި މީހަކުހެން އުމުރު ދުވަސް އެކަނިވެރިކަމުގައި އެއްވެސް އެއްޗެއް ނޭނގި މަރުވެގެން ދާން އެއްގޮތަކަށް ވެސް ނޭދެން…” ޒަލަފް ވާހަކަދައްކަމުން އެނބުރި ކުޑަދޮރު ކައިރީ ހުރި ގޮނޑީގައި އިށީނެވެ. މިހާރު އޭނާގެ އަޑުގައި ހަރުކަށިކަމެއް ރުޅިވެރިކަމެއް ނެތެވެ.

“އަހަރެން… އަހަރެން ވެސް ވަރަށް ވޭ ބައްޕަ ހުންނަ ގޮތް ބަލާލާހިތް، ބައްދަލުކޮށްލާ ހިތް ވެސް ވޭ… ހިތަށް އަރަނީ އަހަންނާ ބައްދަލުކުރަން އެ ބައްޕަ ނުރުހެނީ އިންސާނަކަށްވީމާބާއޭ” ޚިޔާލަކަށް ގެއްލިފައި އިނދެ ޒާލިފު ހާމަކުރީ އަރީޝާގެ ގާތުގައި ވެސް ނުބުނާ ވާހަކައެކެވެ.

“ބައްޕައަކީ ބޮޑު މީހެއް… އަހަރުމެންނަށްވުރެ ވެސް ވަރުގަދަ ވައްތަރު ޖަހަނީ، އެނގޭތަ… ބައްޕަ އުޅެނީ މީހަކާ އިނދެގެން، އަހަންނަށް ދެއްކި ދެ ކުދިން ވެސް، ބުނި އެއީ އަހަރުމެންގެ ކޮއްކޮމެންނޯ… ބައްޕައަކީ އެހާ ނުލަފާ މީހެއް ވައްތަރެއް ނުޖަހާ… އަހަންނާ ވާހަކަދެއްކީ ވަރަށް ހިތްހެޔޮކޮށް… ވަރަށް އުފާވެފައި ހުރީ އަހަންނާ ބައްދަލުވީމާ… ޒާލިފުގެ ވާހަކަ ވެސް ދެއްކި…” ޒަލަފްއާއި ރަޚަބްގެ ބައްދަލުވުން ދިޔަ ގޮތް ޒަލަފް ކިޔައިދިނެވެ. އޭނާއަށް ފެނުނު މަންޒަރުތަކެވެ. ކުރެވުނު އިހްސާސެވެ. އެ އަޑުއަހަން އިން ޒާލިފުގެ މޫނުމަތިން ޝައުގުވެރިކަން ފައުޅުވޭވޭ ހުއްޓެވެ.

ރަޚަބްއާ މެދު އޭނާގެ ދެ ދަރިން މިނިވަންކަމާއެކު ވާހަކަދައްކަމުން ދިޔައިރު އެ ދެ ޒުވާނުން ވެސް ތިބީ ރަޚަބްއާ މެދު ވަރަށް ބޮޑަށް ޝައުގުވެރިވެފައެވެ. ނަމަވެސް އަރީޝާގެ ކަންބޮޑުވުން ވެސް އެކަމުގައި އެބައޮތެވެ. އަރީޝާއަށް ނޭނގި އިތުރު ފިޔަވަޅެއް އަޅާކަށް ޒާލިފު ޤަބޫލެއްނޫނެވެ. އިހަށް އެއްވެސް ކަމެއް ކުރުމުގެ ކުރިން އަރީޝާއާ ވާހަކަދައްކަން ޒަލަފްގެ ގާތުން ޒާލިފު އެދުނެވެ. ސިކުނޑި ހަމައަކަށް އެޅިފައި ހުރުމުން ޒަލަފްއަށް ވެސް އޭނާގެ މަންމައާ ވާހަކަދެއްކުނު ހަރުކަށި ގޮތް ވިސްނި އެކަމާ މަޢާފަށް އެދެން ބޭނުންވިއެވެ.

ކާމޭޒު މަތީ އެއްއަތް ދަމާލައިގެން އަނެއްއަތް ކުރުކޮށްލައިގެން އެ އަތުގެ މަތީ ބޯ ބާއްވާލައިގެން އަރީޝާ އިނެވެ. ދެ ލޯ މަރާލައިގެން އިން އިރު ވެސް އޭނާގެ ނިތަށް ޖަމާވެފައިވާ ރޫތަކުން އޭނާ އެވަނީ ކަމަކާ ފިކުރުބޮޑުވެފައިކަން ހާމަވެއެވެ. ޒަލަފް އައިސް އަރީޝާއާ ޖެހިގެން ހުރި ގޮނޑި ދަމާލާފައި އިށީނެވެ. އެ އަޑަށް އަރީޝާ ނިކަން އަވަހަށް ބޯހިތްލާލިއެވެ. އޭނާގެ ފެންކަޅިވެފައިވާ ދެ ލޯ އަވަހަށް ފުހެލީ ގާތުގައި އިން ޒަލަފް ފެނިފައެވެ.

“މަންމާ… އަހަންނަށް އެނގޭ ކުރިން ވާހަކަދެއްކުނީ ވަރަށް ހަރުކަށިކޮށްކަން، އެކަމާ މާފަށް އެދެން މިއައީ” ޒަލަފް މަޑުމައިތިރިކަމާއެކު ބުނެލިއެވެ. އެހިނދު އަރީޝާގެ ދެއަތްތިލަ އުފުލާލުމާއެކު ޒަލަފްގެ މޫނުގައި ހިފަހައްޓާލިއެވެ. އަދި ޒަލަފްގެ ރަތްކުލައިގެ ކަޅި ހުރި ދެ ލޮލަށް ވަރަށް ވެސް ފުން ބެލުމަކުން ބަލަން ފެށިއެވެ. އިރުކޮޅެއް ފަހުން ޒަލަފް އޭނާގެ މަންމަގެ ދެއަތުން މޫނާ ވަކިކޮށްލުމާއެކު ގެނެސް މޭޒުމަތީ ބޭއްވިއެވެ.

“މަންމާ، ރަޚަބްއަކީ އިންސާނަކަށް ނުވިޔަސް އަހަރުމެންގެ ބައްޕައަށް ނުވާނެގޮތެއް ނޯންނާނެ، ރަޚަބްއަކީ ކޮންކަހަލަ މީހެއްކަން ނިންމާނީ އަހަރެން އަމިއްލައަށް… މިހާ ދުވަހު މަންމަގެ ގާތުގައި އަހަރެން ހުރެ މިވަރު މި ވީ، އަހަރެން ބޭނުންވަނީ ދުވަސްކޮޅަކު ބައްޕަގެ ގާތުގައި ހުންނަން… އެ މީހުންނަކީ ކޮންކަހަލަ ބައެއްކަން ދެނެގަންނަން… އަހަރެންގެ މި ނިންމުމަކީ ފަހަރެއްގައި ވެސް މަންމަ ދޫކޮށްލާފައި ދިއުމެއްނޫން… އަހަރެން ކޮންމެ ތަނެއްގައި ހުއްޓަސް މަންމަ ދުށުމަށް އަންނާނަން، މަންމަ އުޅޭ ތަނަކީ އަހަރެންގެ ވެސް ގެ…  މަންމާ… އަހަރެން ކުރަން މިއުޅޭ ކަންކަން ނުހުއްޓުވާނެކަމަށް ހީކުރަން… އެންމެ ފަހަރަކު ވިޔަސް އަހަރެންގެ ހިތްއެދޭ ގޮތަށް ކަންކަން ކުރުމުގެ އިޚްތިޔާރު މަންމަ ދޭނޭ ކަމަށް މިވާހަކަތައް މިދެއްކީ… އަހަރެން ވެސް ބޭނުމެއްނޫން އަހަރެންގެ އަމިއްލަ މަންމައަށް، އަހަރެން މިއުޅޭ ގެއިން ސިއްރުން ފިލައިގެން ތަންތަނަށް ދާކަށް… ހަމަތެދެއް މިބުނީ… އަހަރެން ބޭރުގައި އުޅޭ ހިތްވޭ… ރަށުތެރެ ބަލަން ދާހިތްވޭ… ކަންކަން ދަސްކޮށް އެނގެން ބޭނުން..”

“ޒަލަފް، ދަރިފުޅަށް ކަންކަން މަނާކުރާކަށް މަންމަނެތިން… އެކަމަކު އެމީހުންގެ ތެރެއަށް ދެވުނީމާ މަންމަގެ މަތީން ހަނދާންނައްތާނުލާތި، ސިކުނޑިއާ ކުޅެން އެމީހުން ވަރަށް ކުޅަދާނަވާނެ، ހީވެސް ނުކުރާ ކަހަލަ ވަސްވާސްތަކުން ދަރިފުޅަށް މަގު އޮޅުވާލަފާނެ…”

“އެމީހުންނަށް އިތުބާރު ނުކުރިޔަސް އަހަންނަށް އިތުބާރުކުރޭ… އަހަންނަކީ އިންސާނަކަށް ނުވިޔަސް މަންމަ އަހަރެން ބަލާ ބޮޑުކުރީ އިންސާނެއް ފަދައިން… އަހަންނަށް އާދެވެފައި ހުރީ ވެސް މަންމަ ދަސްކޮށްދިން ކަމެއް… އަހަރެންގެ ހަށިގަނޑުގައި ވެސް މަންމަގެ ލޭ ދައުރުނުވާކަމަކަށް ނުވާނެ… އަހަރެން ބޭނުންވަނީ މިހާ ދުވަހު އަހަންނަށް ނޭނގި ހުރި ބައްޕައަކީ ނުބައި ނުލަފާ މީހެއްތޯ ބަލަން… އޭނާގެ ފަރާތުން އަހަންނާއި އަހަރެންގެ ޢާއިލާއަށް ގެއްލުމެއް ފޯރާކަށް އަހަރެން ނޭދެން…” ޒަލަފްގެ ވާހަކަތަކަށް އަރީޝާގެ ހިތް ކުޑަކޮށް ވެސް އެއްބަސްނުވިޔަސް އޭނާ އެކަމެއް ފާޅެއްނުކުރިއެވެ. ދަރިފުޅުގެ އުފަލަށްޓަކައި އަދި އެ ދެމެދުގެ މަސްލަހަތަށްޓަކައި ޒަލަފް ރުހޭ ގޮތަކާ އަރީޝާ ވެސް ރުހުނީއެވެ.

އަބްދުއްރަޢޫފު އައިސް އޭނާގެ މަސައްކަތްތަކުގައި ކަންކަން ކުރުވުމަށް ގެންގުޅޭ ޖިންނި ހާޟިރުކުރުވިއެވެ. އަދި އެއާއި ސުވާލުކުރަން ފެށިއެވެ.

“ކަލޭ އަހަންނަށް ދޮގު ހެދީ… އެގޭ ބަދަލު ކަލެއަށް ލިބޭނެ… އެކަމަކު ފަހަރެއްގައި އަހަރެން ކަލެއަށް ދޭ އަދަބު ކުޑަކުރާން ވިސްނާނަން، މިކަންތައް ހިނގައިދިޔަ ގޮތް ސާފުކޮށް އަހަންނަށް ކިޔައިދެނިކޮށް” އަބްދުއްރަޢޫފު ހަރުކަށިކަމާއެކު ވާހަކަދެއްކިއެވެ. ދެތިން ފަހަރަށް ވާހަކަދެއްކި ފަހުން އޭނާ ގެނެސްފައި ހުރި ޖިންނި ވާހަކަދައްކަންފެށިއެވެ.

“އަހަރެން ބޭނުންވަނީ ކަލޭގެ ކިބައިން މިނިވަންވާން… އަހަންނަކީ ޖިންނިއެއް… އަހަރެންގެ ފަރާތުން އެހެން ޖިންނިއަކަށް ގެއްލުންދޭން ކަލޭ ބޭނުންވިޔަސް އެއީ އަހަރެން ރުހި ޤަބޫލުވެގެން ކުރާ ކަމެއްނޫން”

“އަނދައިގެންދާންތަ ކަލޭ ބޭނުންވަނީ” އަބްދުއްރަޢޫފު އޭނާގެ ބާރު ދައްކާލިއެވެ. އިށީނދެގެން އިނދެފައި ކުރިމަތީ އޮތް ކުޑަ ލަކުޑި ފިލާކޮޅަށް މޮހޮރެއް ޖެހިއެވެ. އެއާއެކު އެ ޖިންނިއަށް އަނިޔާވެއްޖެއެވެ. އޭގެ އިތުރުން ލިޔެފައި އޮތް ކަރުދާސްކޮޅެއްގައި ރޯކޮށްލާފައި ފިލާގަނޑުވައިވާ މޮހޮރާ ދިމާކޮށްލިއެވެ. އެހިނދު އެ ޖިންނި ރޮއެ ހޭރިގަނެފައި އެހެން ނުހެދުމަށް އެދެން ފެށިއެވެ. އަދި ކަންތައް ވީގޮތް ކިޔައިދޭން ފެށިއެވެ.

“ކަލޭގެ ފިނޑިކަން މިއަދު އަހަންނަށް އެނގިއްޖެ… އަހަރެން މިހާ ދުވަސްވީއިރު ވެސް ކަލެއަށް އަނިޔާއެއް ނުކުރަން، މަޖުބޫރެއްނުކުރަން… އެކަމަކު ކަލެއަށް އަހަންނަށް ވަފާތެރިއެއް ނުވެވުނު… މިހާރު އެނގިއްޖެ… އަހަރެންގެ ބައްޕައަށް ވެސް އެހެން ދިމާވާން ޖެހުނީ ކަލޭގެ ސަބަބުންކަން… އެއްވެސް ތެދުވެރިކަމެއް ކަލޭގެ ނެތް… މިއަދު އަހަންނަކީ ނުބައި މީހެއްކަން ކަލެއަށް އެނގޭނެ…” އަބްދުއްރަޢޫފު މިހެން ބުނެ ކިޔެވެލިތަކެއް ކިޔަވަން ފެށިއެވެ. އަދި ފިލާގަނޑަށް އިތުރު މޮހޮރުތައް ޖަހަމުން ދިޔައީ އޭނާ ފަންޑިތަ ލިޔެފައި ހުރި ކަރުދާސްކޮޅުތަކާ އެކުއެވެ. އެއަށްފަހު އޭނާ ކަރުދާތަކުގައި ރޯކޮށްލީއެވެ. އެހިނދު ވެލްޑިންގ ރޮޑަކުން އަލިފާންކަނި ބުރައިގެން ދާ އުސޫލުން އަލިފާންކަނި ބުރައިގެން ގޮސް މުޅި ފިލާގަނޑުގައި ރޯވެއްޖެއެވެ. ހަމައެއާއެކު އަބްދުއްރަޢޫގެ ކުރިމަތީގައި އަޅާފައި ހުރި ވަށްބުރުގެ ތެރެއިން ބިންގަނޑު ހެލިލި ކަހަލައެވެ.

އަބްދުއްރަޢޫފު ތެދުވެގެން ގެއާ ދިމާއަށް ހިނގައިގަތެވެ. އޭރު އޭނާ ކުރެހި ވަށްބުރުގެ ތެރޭގައި ބިންގަނޑަށް ވަނީ ކަޅުކުލަ އަރާފައެވެ. ހަމައެއާއެކު މުޅި ހިސާބުގައި ނުބައި ވަހެއް ހަރުލާފައި ހުއްޓެވެ. ނިތްކުރީގައި ހިއްލާފައި ހުރި ދާތިކިތަށް ފަޓުލޫނުގެ ޖީބުން ނެގި ރުމާލުން ފުހެމުން ކުރިއަށް ހިނގަމުން ދިޔަ އަބްދުއްރަޢޫފު ވިސްނިއެވެ. ކުރިއަށް އޭނާ އަޅަން ޖެހޭނެ ފިޔަވަޅުތަކާ މެދުއެވެ. ދިމާވެދާނެ ނުރައްކާތަކުން ރައްކާތެރިވެ ހުންނާށެވެ. އަމިއްލަ ފުރާނައިން އަތްދޮވެލަން ޖެހުނަސް އޭނާ އަރީޝާއަށް ދެރަގޮތެއް ވިޔަކަ ނުދޭނެއެވެ.

ގެއަށް ވަދެގެން އައި ގޮތަށް އަރީޝާއަށް ގޮވާލާފައި ތުވާއްޔާއި މުންޑަކާ ގެނެސްދިނުމަށް އަބްދުއްރަޢޫފު ބުންޏެވެ. އޭނާ ހުރީ ހިމޭންވެފައިކަން އަރީޝާއަށް ފާހަގަވިއެވެ. މިވަގުތު ވާހަކައެއް ދެއްކިޔަސް އަބްދުއްރަޢޫފު ޖަވާބެއް ނުދޭނޭކަން އަރީޝާއަށް އެނގެއެވެ. ޑެކުމަތީ މަޑުކޮށްލައިގެން އަރީޝާ ހުއްޓާ އަބްދުއްރަޢޫފު ދިޔައީ ގިފިއްޔާ ދިމާއަށެވެ.

* * * *

ހެމުންހެމުން ލުހާއާއިއެކު ސްކޫޓަރުން ފައިބައިގެން އައިސް ޔަލާ ވަނީ ގެއަށެވެ. އެވަގުތު ޞާބިރާ އެދުނީ އޭނާ ތައްޔާރުކޮށްފައި ހުރި ތަށިބަރި ހިފައިގެން ރުގިއްޔާމެންގެއަށް ދިއުމަށެވެ. އެ ތަށިބަރިއަކީ ސަމީނާ ކުރިން ދުވަހަކު ގެނެސްފައި ހުރި އެއްޗެއް ކަމެވެ. އެއަށް ރަނގަޅު އެއްޗެއް އަޅާފައި ފޮނުވާންވެގެން ބަހައްޓާފައި ހުރީ ކަމަށެވެ. ރުގިއްޔާމެންގެއަށް ދާން ޔަލާގެ ގާތުގައި ޞާބިރާ ކިޔާތާ ވެސް ދުވަސްކޮޅެއް ވެއްޖެއެވެ. އެހެންވެ ލުހާ ވެސް ހުރި ވަގުތެއްވީމާ ޔަލާ ނިކަން ފަސޭހައިން އެއްބަސްވިއެވެ.

ރުގިއްޔާމެންގޭ ދޮރޯށި ހުޅުވާލާފައި ކުރިން ވަނީ ލުހާއެވެ. އޭނާގެ ފަހަތުގައި ހުރެ ބީރައްޓެހިގޮތަކަށް ޔަލާ ވަނެވެ. އެތެރެއަށް ވަދެވުމާއެކު ގޭތެރެއިން އަންހެނަކު އެ ދެމީހުންނަށް ގޮވާލި އަޑު އިވިގެން ދިޔައެވެ. ހަމައެވަގުތު އެ ގޭގެ އަނބުގަހުގައި އެލުވާފައި ހުރި ޖޯލީގައި އިން މީހަކު ފެނި ޔަލާ ގަނޑުވެއްޖެއެވެ.

ހަށިގަނޑުގައި ދައުރުވަމުން ދިޔަ ހުރިހާ ލެޔެއް މޫނަށް ޖަމާވަމުން ދިޔަ ކަހަލައެވެ. ނޭވާ ހިފަހައްޓާލުމާއެކު ޔަލާއަށް އިސްޖަހާލަމުން ލުހާގެ އަތުގައި ހިފާ އޭނަގެ ފުރަގަހަށް ކުޑަކޮށް ވަދެ ނިވާވެލެވުނީ ބޭއިޚްތިޔާރުގައެވެ. އޭރު އެލުވާފައި ހުރި ޖޯލީގައި އިން މީހަކު ވެސް ތެދުވެއްޖެއެވެ.

“އަސްތާ!… މިތިބިއައީ ކޮންކުދީންނެއްތަ؟…” ގޭތެރެއިން ކޮތަޅެއް ހިފައިގެން ނުކުން އަންހެނަކު ބުނެލިއެވެ. އެއާއެކު ގޭތެރެއިން ކުރިން ވެސް އިވުނީ އެ އަންހެންމީހާގެ އަޑުކަން ޔަލާއާއި ލުހާއަށް އެނގުނެވެ.

“ދައްތާ! ދައްތާ!… ޖޫލިއާ… މާޖިދާ… މި ފަރާތަށް ނިކަން އައިސްބަލަ… ބަލާބަލަ މިގެއަށް ވަދެ މިތިބި ބަޔަކު” އުފާވެރިކަމުގެ ހިނިތުންވުމަކާއެކު އެ އަންހެން މީހާ ގޭތެރެއިން މީހަކަށް ގޮވިއެވެ. އަދި އެ އައިގޮތަށް އައިސް ދެއަތުން ލުހާއާއި ޔަލާގެ އަތުގައި ހިފާލިއެވެ. އަދި އެމީހުން ގޮވައިގެން އައިސް ގޯތިތެރޭގައި އިންދާފައި ހުރި ހިކަނދިފަތްތަކުގެ ކައިރީ ބަހައްޓާފައި ހުރި ޖޯލިފަތީގައި ބައިންދައިފިއެވެ. އެހިނދު ލުހާގެ އަތުގައި ތަށިބަރިލާފައި އޮތް ކޮތަޅު އޭނާ އެ އަންހެންމީހާއަށް ދިއްކޮށްލިއެވެ.

“މަންމަ ދިން އެއްޗެއް” މަޑުމަޑުން ލުހާ ބުނެލިއެވެ.

“މަންމަ ދިން އެއްޗެކޯ… ތިޔައީ އިހަށް ދުވަހު ތިގެއަށް ގެންދިޔަ ތަށިބަރިއެއްނު، ސަމީނައްތައަށް ތިގެއަށް ދެވުނު އަދަދެއް ނޭނގޭ… ޔަލާ ރަށަށް އައިސް ދައްތަމެންނާ މުޅިން ދުރުދުރުން ތި އުޅެނީ… ލޯ ކުރިމަތީން ނުފެނުނަސް މި މަންޖެ ވެސް ބޮޑުވެއްޖެ… މަންމަ ބުނި ޔަލާ އައީ ޑޮކްޓަރުކަން ކިޔަވައިގެންނޭ. މިހާރު ހޮސްޕިޓަލަށް ވަޒީފާއަށް ނުކުންނަ ވާހަކަ… މި ޢާއިލާގައި ދެ ޑޮކްޓަރުންވީ… މީނދަ ރީހާން އެނގޭ ދޯ” އެލުވާފައި ހުރި ޖޯލީގެ ކައިރީ ކޮޅަށް ތެދުވެ ހުރި ރީހާން ދައްކާލަމުން ސަމީނާ ހިނިތުންވެލިއެވެ. އެވަގުތު އެ ތަނުގައި ހުރި ޒުވާން ރީތި ފިރެހެނަކީ ރީހާންކަން ޔަޤީންވުމުން އޭނާއަށް ތަންކޮޅެއް ރަނގަޅަށް ލުހާ ބަލާލިއެވެ. ލާނެތް ހިނިތުންވުމެއް އޭނާގެ ތުންފަތުގައި ދުވެލިއެވެ. އަދި ރަކިވެފައި އިން ޔަލާއަށް ބަލާލީ ދިމާކޮށްލާ ފަދަ ބެލުމަކުންނެވެ.

“ރީހާން… ލަސްވެފައިތަ ތިހުރީ… މީ ވެސް އަނެއްކާ އަނެކަކު.. މިގެއަށް އަންނަންވާނެއޭ ބުންޏަސް ފެންނާނީ ހާލަކުން ފަހަރަކު، ބަލަ ތިމާގެ މީހުންނޭ ހައްތަހާ ވެސް މީ… ގުޅުން ބަދަހި ކުރަންވާނެއެއްނު…” ސަމީނާ ވާހަކަދެއްކިއެވެ. އޭރު ގޭތެރެއިން ހަރުވައްތަރު ޖަހާ އަންހެނަކާއި ޒުވާން އަންހެންކުއްޖެއްގެ އިތުރުން މުސްކުޅި އަންހެނަކު ނުކުންނަނީއެވެ.

“ފަހަރިދައިތާ… އެނގޭތަ މީ ކޮންކުއްޖެއްކަން… މީނީ ޞާބިރާގެ ޔަލާ، ރަށުން ބޭރުގައި މިހާ ދުވަހު އުޅުނު މަންޖެ” މުސްކުޅިވެފައި ހުރި ރުގިއްޔާގެ އަތުގައި ހިފައިގެން ގެނެސް ޔަލާގެ ކުރިމަތީ ބަހައްޓަމުން ސަމީނާ ބުންޏެވެ. ލޯބޯކޮށިވެފައިވާ ރުގިއްޔާ އަޅައިގެން ހުރި ނަންބަރު އައިނު ރަނގަޅުކޮށްލާފައި ބަލާލިއެވެ.

“މިހާރު ރަށަށް އައީތަ؟ މިތާތަ ދެން އެކުދީން ބައިތިއްބަނީ… އެތެރެއަށްވައްދާ ސައިދޭން އުޅެބަލަ…. މިހިރީ ކޮންކުއްޖެއްތަ؟” ރުގިއްޔާ މިހެންބުނެ ރީހާންއަށް ބަލާލިއެވެ.

“ތީ ނަސީރާގެ ހުރި ހަމައެކަނި ދަރި، ރީހާނު… ޑޮކްޓަރަކަށް ހޮސްޕިޓަލުގައި އުޅެއެއްނު…. ދައިތައަށް އެނގޭތަ…. ޞާބިރައްތަގެ ޔަލާ ވެސް އެއީ ޑަކްޓަރެކޭ މިހާރު” ސަމީނާ ބުނެލިއެވެ. މިހެން ބުނިއިރު ގޭތެރޭގެ ދޮރުކައިރީގައި ތިބި މާޖިދާއާއި ޖޫލިއާގެ މޫނުމަތިން އުފާވެރިކަން ފައުޅުވޭވޭ ހުއްޓެވެ.

“ޔަލާ! މީ ކާކުކަން އެނގޭތަ؟” މާޖިދާ އަހާލިއެވެ. އެއާއެކު ޔަލާ މަޑުމަޑުން ބޯޖަހާލިއެވެ.

މި ހުރިހާ މަންޒަރެއް ބަލަން ރީހާން ހުރިއިރު އޭނާ ވެސް ހުރީ ހިނިތުންވެލައިގެންނެވެ. އެހެން ހުއްޓާ ޖޫލިއާ އައިސް އޭނާގެ އަތަށް ކޮތަޅެއް ދިއްކޮށްލިއެވެ.

“މަންމަ ދިން ގިތެޔޮ މިރުސްކޮޅުމީ، އެހެން އެއްޗެއް ވެސް ހުންނާނެއޭ ބުނި ކޮތަޅުގައި” ލަދުވެތި ގޮތަކަށް ޖޫލިއާ ބުނެލިއެވެ. ރީހާން ހިނިތުންވެލާފައި ބޯޖަހާލިއެވެ. އަދި އަނެއްކާ ވެސް އޭނާގެ ނަޒަރު ހުއްޓުނީ ޔަލާއަށެވެ. ހީވެސް ނުކުރާ ފަދަ ގޮތަކަށް ދެ މީހުން މިތިބީ ތިމާގެ ވެފައި ކަމުގައި ރީހާންގެ ސިކުނޑި އެއްބަސްވިއެވެ. ކުރިން އެގެއިން ނުކުމެގެން ދާން ހިތަށް އަރާފައި ވެސް އެ ޚިޔާލު އޭނާ ބަދަލުކޮށްލީ ސަމީނާ އެންމެން އެކުގައި ސައިބޯން އަންނަން ބުނީމައެވެ. ޔަލާއާއެކު ބައިވެރިވެލަން ލިބޭ ފުރުޞަތެއް ގެއްލުވާލާކަށް ރީހާންގެ ޟަމީރު އެއްބަހެއްނުވިއެވެ.

ސައިމޭޒުމަތީ ދެތިން ބަހެއް ޔަލާ ބުނެލިއެވެ. އެހެން ތިބި އިރު ރީހާންއާއި ޔަލާއާ ދެ މީހުން އެކަކު އަނެކަކަށް ސިއްރު ބެލުންތަކުން ބަލަމުން ދިޔައެވެ. ދެ މީހުންގެ ހަތަރުކަޅި ބައްދަލުވެއްޖެނަމަ ލުއި ހިނިތުންވުމެއް ބަދަލުކޮށްލައެވެ. ހުރިހާ ކަމަކަށް ކަންފަތާއި ލޯ އަމާޒުކުރަމުން ލުހާ ސައިބޯން އިނެވެ. ރުގިއްޔާ ދޭތެރެއަކުން ބައެއް ސުވާލުތައް ތަކުރާރުކުރާތީ އޭނާގެ އުމުރުން މަތިވެފައި ވުމުން ކަންކަން މިހާރު ހަނދާންނެތޭ ވާހަކަ ސަމީނާ ބުންޏެވެ. އެހެންވެ ރުގިއްޔާއާ މެދު ވަރަށް ކެތްތެރިވާން ޖެހޭ ކަމުގައި އޭނާ ބުންޏެވެ. ސަމީނާއެކޭ އެއްގޮތަށް އޭނާގެ ދަރީން ވެސް ހިތްހެޔޮކަން ޔަލާއަށް ފާހަގަކުރެވުނެވެ. އެގޭގައި ތިބި ތިބުމުގައި ޔަލާގެ ޢާއިލާއާ ބެހޭ ވަރަށް ގިނަ ކަންކަން ރީހާންއަށް އޮޅުން ފިލިއެވެ. ޔަލާގެ ބައްޕައަށް ވީނުވީ ގޮތެއް ނޭނގި ގެއްލި މިއަދާ ހަމައަށް ވެސް ފެނިފައި ނުވާކަމެވެ. އެއަށްފަހު ޞާބިރާ އެކަނިމާއެކަނި ތިން އަންހެންދަރީން ބަލާ ބޮޑުކުރިކަމެވެ. ޞާބިރާގެ ހިތްވަރާށާއި އޭނާގެ ދަރީންނަށް ސަމީނާ ތަޢުރީފުކުރިއެވެ. މި ހުރިހާ ވާހަކައަކުން ޔަލާ އިނީ އުނދަގޫވެފައެވެ. ހުރިހާ ވެސް މައްސަލައަކީ ރީހާން އެތަނުގައި އިނުމެވެ. އެ ދެމެދުގައި އޮތް ގުޅުން އެއްވެސް ވަރަކަށް ގާތްކުރަން ޔަލާ ބޭނުންނުވާއިރު ހުރިހާ ކަމެއް ދިމާ އިދިކޮޅަށް ވަމުން އަންނަހެން ޔަލާއަށް ހީވާތީއެވެ.

އިރުއޮއްސެން އުޅެނިކޮށް ލުހާއާއި ޔަލާ ގެއަށް އައެވެ. ރީހާން ވެސް ސަމީނާމެން ގެއިން ނުކުތީ އެ މީހުންނާއެކުއެވެ. ނަސީބަކުން ދެ މީހުންގެ ގެ ހުންނަނީ ރަށުގެ ދެ ދިމާއެއްގައި ކަމަށްވާތީ ރީހާންއަށް ބަލާލުމެއްނެތި ޔަލާ އޭނާގެ ކޮއްކޮގެ އަތުގައި ހިފައިގެން އަވަސްއަވަހަށް އައިސް ސްކޫޓަރަށް އަރައި ދުއްވާލީއެވެ. މި މަންޒަރު ފެނިފައި ވެސް ރީހާންގެ ގާތަށް ހިނިއައެވެ. ދެ ފަރާތަށް މަޑުމަޑުން ބޯހޫރާލާފައި މަގުގެ އެއްފަރާތުގައި އޮތް ކާރަށް ރީހާން ވެސް އައިސް އެރީއެވެ.

އިޝާނަމާދުކޮށްގެން ޔަލާ ފޭބުމާއެކު އޭނާ އަވަސްއަވަހަށް ޒަލަފްއަށް ގުޅާލީ އޭނާގެ އަޑު ނީވި ގިނައިރު ވުމުންނެވެ. ޒަލަފްގެ ފަރާތުން މެސެޖެއް ވެސް ލިބިފައި ނެތީމައެވެ.

“ޔަލާގެ މަތީން ހަނދާންވެގެން ފޯނު ނެގިތަނާ ތި ގުޅީ” ޒަލަފްގެ އަޑު ޔަލާގެ ކަންފަތުގައި ޖެހުނެވެ. އޭނާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ޒަލަފްގެ ބަސްތައް އިވިފައި ޔަލާގެ ހުރިހާ ނުތަނަވަސްކަމެއް ފިލައިގެން ހިނގައްޖެއެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *