( ހީވޭ ކަލާ ވާހެން، މި ވާހަކައަކީ 8 މެއި 2016 އިން 29 ޑިސެމްބަރ 2017 އަށް ޖުމްލަ 89 އެޕިސޮޑްގެ ގޮތުގައި ވީނިއުސްގައި ޝާއިރު ކުރެވުނު ވާހަކައެއް. )
“މިރޭ މީ ޒަލަފްގެ މުޅި ހަޔާތް ބަދަލުވެގެންދާނޭ ރެޔެއް” ހިނިތުންވެލައިގެން ހުރި ބެހެމަތް ބުނެލިއެވެ. އޭނާ ވެސް މިރޭ ހުރީ އެހެންޏާ ފެންނައިރު ހުންނަ ވަރަށްވުރެ ބޮޑަށް ނަލަ ހެދިލައިގެންނެވެ. ޒުވާން ފިރިހެނުންގެ ހިތްތައް ކިލަނބުކޮށްލާފަދަ ރީތިކަމެއް ބެހެމަތްއަށް ލިބިފައިވެއެވެ. ނަމަވެސް އޭނާގެ އެ ރީތިކަން ޒަލަފްގެ ލޮލަށް ނުފެންނަ ކަހަލައެވެ. މަޑުމަޑުން ގޭޓު ހުޅުވާލާފައި ޒަލަފް ފެންސުން ބޭރަށް ނުކުންނަން ފައިނެގިއެވެ. ކޮންމެވެސް ވަރެއްގެ އުނދަގޫވުންތަކެއް ހުރި ނަމަވެސް އޭނާއަށް އެކަމުން މާބޮޑު އަސަރެއް ނުކުރިއެވެ. ފެންސުން ބޭރަށް ނުކުމެވުމާއެކު އިހުނަށްވުރެ ޒަލަފްގެ ހިނިތުންވުން ފުޅާވެގެން ދިޔައެވެ. ސިއްރުސިއްރުން ގޭޓު ލައްޕާލާފައި ކުރިއަށް ހިނގައިގަތީ ބެހެމަތްގެ ފަހަތުންނެވެ.
ގެއާއި ދުރަށް ތިންވަރަކަށް ފޫޓު ޒަލަފްއަށް ދެވުނު ތަނާހެން ކުއްލިއަކަށް ބެހަމަތް ހުއްޓި ފަހަތަށް އެނބުރި ޒަލަފްއަށް ހިނިތުންވެލިއެވެ.
“ކީއްވެ ތި ހުއްޓުނީ؟ މީހުން އުޅޭ ސަރަޙައްދަށް އަދި ނުނިކުމެވެއެއްނު، ވީހާ ވެސް އަވަހަކަށް ދާން އަހަރެން ބޭނުން” ޒަލަފް ވެސް ހުއްޓިލާފައި ބެހެމަތްއަށް ބުނެލިއެވެ.
“އެނބުރި އެ ގެއަށް ޒަލަފް އަންނާނަންތަ؟ އެ މީހުން މިހާ ދުވަހު ޒަލަފް ހައްޔަރުކޮށްގެން އުޅުނުކަން އަހަރެން މިރޭ މި ސާބިތުކޮށްދިނީ، ޒަލަފް ސަލާމަތް ކުރީ އަހަރެން… އަދިވެސް އަހަންނަށް އިތުބާރު ނުކުރެވެނީތަ؟”
“ބެހެމަތް ދައްކަން ބޭނުން ވާހަކައެއް ހިނގަމުން ވެސް ދެއްކި ދާނެ، އަހަރެން އެހާވަރުން ގެއިން ނުކުތީ ކޮން ބޭނުމަކުކަން ބެހެމަތްއަށް ބުނެދޭން ޖެހޭނެހެން އަހަންނަކަށް ހިޔެއްނުވޭ” ޒަލަފް ވަށައިގެން ހޯދާލިއެވެ. އަދި އެމީހުންގެ މިސްރާބު ހުރި ދިމާއަށް ހިނގައިގަތެވެ. އެއާއެކު ބެހެމަތްއަށް ވެސް ޖެހުނީ ހިނގައިގަންނާށެވެ. ކުރިއެކޭ އެއްގޮތަށް ޒަލަފްގެ ކުރީގައި ހުރެ ބެހެމަތް ހިނގަމުން ދިޔައެވެ.
“އަހަރެން އެނބުރި އަންނަން ހުރީ އެ ގެ… އަހަރެންގެ މަންމައާއި ބައްޕަގެ އިތުރުން، ޒާލިފުގެ ވެސް އުޅޭ ގެއަކީ އެއީ، އެމީހުން ކޮންމެ ގޮތަކަށް ކަންތައް ކުރި ކަމުގައި ވިޔަސް އެއީ އަހަރެންގެ ޢާއިލާއަކީ… މީ އަހަންނަށް ވެސް ލިބޭ ފުރުޞަތެއް މަންމަގެ ވިސްނުން އަދި އެންމެ ރަނގަޅުނޫންކަން ސާބިތުކޮށްދޭން، މަންމަ އެންމެ ކަންބޮޑުވަނީ އަހަރެން ބޭރަށް ނުކުތުމުން ދެރަކަމެއް މެދުވެރިވެދާނޭތީ… ކަމެއްވަންޏާ މިހާރު ވާންވީނު… އަހަރެން މިހިރީ ގެއިން ބޭރުގައި… ގަދަވެ ސަލާމަތުން، މަންމައަށް ވެސް މިކަން އެނގުނީމާ އަހަންނަށް ޔަޤީން ޒާލިފު ގޮތަށް އަހަރެން ވެސް ރަށުތެރޭގައި އުޅެން ޤަބޫލުވާނެކަން، އަދި ބުނަން، އަހަރެން ބެހެމަތްއަށް ޝުކުރުވެރި ނުވަނީކީނޫން، ބެހެމަތް އަހަންނަށް އެހީވި، އެކަމަކު އެންމެ ބޮޑު އެހީތެރިކަމެއް އަހަންނަށް ވެދިން މީހަކީ ޒާލިފު، އޭނާ އެ ތަކެތި ނަގައި ނުދިންނަމަ އަހަންނަކަށް ގެއިން ނުނިކުމެވުނީސް، އެހެންވީމަ ބެހެމަތްއޭ އަހަރެން ސަލާމަތްކުރީ ބުނީމަ އެއީ ތެދަކަށް ވެދާނެތަ” ކުރިއަށް ހިނގަމުން ދިޔަ ޒަލަފް ވާހަކަދެއްކިއެވެ.
“ޒަލަފްއަށް އަދި ނޭނގެނީ، މިރޭ ޒަލަފް ގެއިން ނުކުން ވަގުތުން ފެށިގެން ހުރިހާ ކަމެއް ބަދަލުވެއްޖެ، އެހެންނަމަވެސް މިވަގުތު ޒަލަފް ހުއްޓުވަން ބޭނުންނުވާތީ އެއްވެސް ކަމެއް ޒަލަފްއަށް ނޭނގެނީ…” ބެހެމަތް މިހެންބުނެ ލުއި ގޮތަކަށް ހީނލިއެވެ.
“ބެހެމަތް ތި ދައްކާ ވާހަކައެއް އަހަންނަކަށް ނޭނގޭ… ތީ ވަރަށް ސިއްރުވެރި އަންހެންކުއްޖެއް، އަބަދުވެސް ވާހަކަދައްކާނީ ކޮންމެވެސް ކަމެއް ސިއްރުކުރަން އުޅޭހެން”
“މިހާރު ހުރިހާ ވާހަކައެއް ކިޔައިދިނަސް ޒަލަފްއަށް ޤަބޫލުކުރަން ފަސޭހައެއްނުވާނެ، އެހެންނޫނަސް ކޮންއިރަކު އަހަރެން ދައްކާ ވާހަކައަށް ޒަލަފް ޝައުގުވެރިކަން ފާޅުކުރީ” ބެހެމަތް މިހެން ބުނުމުން ޒަލަފް ހީނލިއެވެ. އޭނާގެ ހީނލުމުގެ އަޑުން ބެހެމަތްގެ
ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
ޒަލަފްގެ ސަމާލުކަން ކުއްލިއަކަށް ހުއްޓުނީ ގަސްތަކުގެ ތެރެއިން ބުޅަލެއް ގޮވާލި އަޑުއިވިފައެވެ. އޭނާ ބަލާލިއިރު އެ ސޮރު އިނީ އެ މީހުން ހިނގަމުން ދިޔަ މަގުގެ އެއްފަރާތުގައި އިށީނދެގެންނެވެ. ޒަލަފް އަރާ ހަމަވުމާއެކު އެ ސޮރު ބިންމަތީގައި ބަނޑުޖަހައިފިއެވެ. ކަޅުކަމުން އެ ސޮރުގެ ދެ ލޯ ފިޔަވައި އެހެން ބައެއް ވަކިކުރުން ފަސޭހައެއްނޫނެވެ. ޒަލަފްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ޝައުގުވެރިކަމާއެކު އެ ބުޅަލަށް ބަލާލާފައި ކުރިއަށް ހިނގަމުން ދިޔައެވެ. ވަކި ހިސާބަކަށް ދެވުނު ތަނާ އަނެއްކާ ވެސް ބުޅަލެއް ފެނިއްޖެއެވެ. އެ ސޮރު ވެސް ކަންތައް ކުރީ އިހު ފެނުނު ބުޅާ ކަންތައްކުރި ގޮތަށެވެ. މި ގޮތަށް ތަންތަންކޮޅުން ބުޅާ ފެންނަމުން ދިޔައެވެ. މިކަން ޒަލަފްގެ ސަމާލުކަމަށް އައެވެ. ބެހެމަތް ކުރީގައި ހުރެ އެ ބުޅާތަކަށް ހަނާ އަޅާލާތަން ޒަލަފްއަށް ފެނެއެވެ. މިހެން ކަންތައް ވަމުން ދަނިކޮށް ކުއްލިއަކަށް ދެން ފެނުނީ ބަކައްޓެއް ގަސްތަކުގެ ތެރެއިން ނުކުން ތަނެވެ. މި ފަހަރު ޒަލަފްގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ.
“އެ ބުޅާ ކީއްވެތަ އަހަރުމެން ފަހަތުން އެ އަންނަނީ؟ ވަލުތެރޭގައި ބަކަރި ވެސް ގެންގުޅޭތަ؟ ކުރިއަކުން ހަމަލޮލަށް ބަކައްޓެއް ފެނުމުގެ ނަސީބެއް ނުލިބޭ…” ޒަލަފް ބުނެލިއެވެ. އެއާއެކު އިވިގެން ދިޔައީ ބެހަމަތްގެ މައުނަވީ ހީނލުމުގެ އަޑެވެ.
“ޒަލަފްއަށް ޔަޤީންތައް ތި ފެންނަނީ އެއް ބުޅަލެއްކަން… ވަލުތެރޭގައި އުޅޭ އެއްޗިއްސަށް ވެސް އެނގޭނެ ދޯ އެހެންޏާ މި ވަލުގައި ނޫޅޭ މީހަކު އައިސް ގެން އުޅެންޏާ” ބެހެމަތްގެ އަރަތެއް ކަހަލަ ވާހަކަތަކުން ޒަލަފްއަށް އެކައްޗެއް ވެސް ނުވިސްނުނެވެ.
“ހީވަނީ ވަރަށް ރައްޓެހި އެއްޗެހިތަކެއްހެން…” ހުދުލައްތަކެއް ޖަހާފައި އޮތް ގަދަޗޮކުލެޓު ކުލައިގެ ބަކަރިއަށް ބަލަމުން ޒަލަފް ބުނެލިއެވެ. އެ ސޮރު ވެސް ޒަލަފް އައިސް އަރާ ހަމަވުމާއެކު އަޑެއް ގޮއްވާލާފައި ބޯތަޅުވަމުން ބިމުގައި ބަނޑުޖަހައިފިއެވެ. މިކަން ޒަލަފްއަށް މަޖާ ކަމަކަށް ވިއެވެ. މީގެ ކުރިން މި ފަދަ މަންޒަރުތަކެއް އޭނައަކަށް ނުފެނެއެވެ. އެހެންވެ ނިކަން ޝައުގުވެރި ކުރުވި ކަމަކަށް ވެސް ވެގެން ދިޔައެވެ.
“އަހަރުމެންނަށް ވެސް ކުރުނީސްކުރަން އެނގެޔޭ… ތި ކަހަލަ ކިތަންމެ މަންޒަރެއް އަދި ޒަލަފްއަށް ފެންނާނެ” ނިކަން އުފާވެރި ރާގެއްގައި ބެހެމަތް ބުނެލިއެވެ.
ހިމޭންކޮށް އޮތް ވަލުތެރެ މަޑުމަޑުން ހޭލަމުން ދިޔަ ކަހަލައެވެ. ތަފާތު އެކި އެއްޗެހި ގޮވާއަޑާއި ދުވަހަކު ވެސް ނީވޭ ކަހަލަ އަޑުއަޑު ޒަލަފްއަށް އިވެންފެށިއެވެ. ބޮޑެތި ގަސްގަހުގެ ކުރިއަށް އެއްޗެހި ޖެހިގަންނަ ފަދަ އަޑާއި އާދަޔާ ޚިލާފަށް ބިޔަކޮށް ތިބި ޖަނަވާރުތައް ފެންނަމުން ދިޔައެވެ. ވައުގެ ބައިގަނޑުތައް ހޭރިގަންނަ އަޑު އަވަސް އަވަހަށް އިވެންފެށިއެވެ. ގަސްތަކުގެ މަތިން ހުރަސްކުރާ އަލި ގުޅަވަރުތައް ދުންޏެއްހެން ދާއިރު މުޅި ހިސާބު ހުޅުދާންކޮށްލައެވެ. ބަޔާންކުރަން ދަތި އުފާވެރިކަމެއް ޒަލަފްއަށް އިހުސާސް ކުރެވެމުން ދިޔައެވެ. އޭނާގެ ހިތަށް ބިރުވެރިކަމުގެ އަސަރެއް ކުޑަކޮށް ވެސް ނުވަދެއެވެ. ބޯމަތިން ދަތުރުކުރާ އަލި ގުޅަތައް އެކި ފަހަރު ހުންނަނީ އެކި ކުލައިގައެވެ. ގަސްތަކުގެ ގޮފިތައް ހެލޭ އަޑު ވެސް ޒަލަފްގެ ކަންފަތުގައި ޖެހުނެވެ. މި އިން އެއްވެސް ކަމަކާ ބެހެމަތް ކަންބޮޑެއް ނުވެއެވެ. އޭގެ ބަދަލުގައި އޭނާ ހިނިތުންވެލައިގެން ހުރެ ދެ ފަރާތަށް ބަލަމުން ބޯ ތިރިކުރަމުން ދިޔައެވެ.
އެތައް ހިސާބަކަށް ވަލުތެރެއިން ހިނގިފަހުން ޒަލަފްއަށް ގަސްތަކުގެ ތެރެއިންލާފައި ރަށުގެ މަގަކަށް ނުކުމެވުނެވެ. އެހިނދު ޒަލަފްއަށް ހިތްހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ. ހަމައެއާއެކު އޭނާގެ ހިތުގެ ތެޅުން އަވަސްވިއެވެ. ޔަލާއާ ބައްދަލުވެވެނީ ކަން އެނގި އޭނާގެ ވަށައިގެން ހިނގަމުން ދިޔަ ކަންކަން މަތިން ހަނދާންނެތުނު ކަހަލައެވެ.
“ތަންކޮޅެއް ބާރަށް ހިނގަންވީނު… ހީވަނީ މިހާރު ވެސް ވަރަށް ލަސްވެއްޖެހެން” ޒަލަފް ބުނެލިއެވެ.
“ޒަލަފްއަށް ހިނގޭ ބާރުމިން ނޭނގޭތީ ތިހެން ތިބުނަނީ، އަހަރުމެން ނުކުންފަހުން އަދި ފަސްމިނެޓު ވެސް ނުވާނެ… ޒަލަފްއަށް ބަދަލުތަކެއް އަންނަކަށް އިހުސާސެއް ނުވޭތަ؟” ބެހެމަތް ސުވާލުކުރިއެވެ.
“އަހަންނަކަށް ބެހެމަތް ތި ދައްކާ އެއްވެސް ވާހަކައެއް ނޭނގޭ… އަހަރެން ދާން ބޭނުންވާ ތަނަށް ވީ އެންމެ އަވަހަކަށް ދެވޭނޭ ގޮތެއް ބުނެބަލަ” ޒަލަފް ބުނެލިއެވެ.
“ތިހާ ކެތްތެރިކަން ކުޑަނުވެބަލަ، އަހަންނަށް އިތުބާރު ނުކުރިޔަސް ޒަލަފްގެ އަމިއްލަ ނަފްސަށް އިތުބާރުކޮށްބަލަ…” ބެހެމަތް ކުރިއަށް އަތްދިއްކޮށްލާ ދެން ދާންވީ ގޮތް ޒަލަފްއަށް ދައްކާލިއެވެ. އަދި ދެ މީހުން އެކުގައި ހިނގައިގަތެވެ.
ފަނޑުއަލިކަމެއް ނޫނީ މަގުތަކުގައި ނުވެއެވެ. މީހަކު ފެންނަނީ ވެސް މަދު ފަހަރަކުއެވެ. ގެތަކާއި ދެ ތިން ފިހާރައަށް ވެސް ޒަލަފްމެން ދިޔަ މަގުމަތީ ފެނުނެވެ. އޭނާ އުޅެ ބޮޑުވި މަޙައުލާއި ރަށުތެރޭގެ މާހައުލާ ހާސްބައި ތަފާތުކަން ޒަލަފްއަށް ފާހަގަކުރެވުނެވެ.
“ކިހިނެއްވީ؟” ބެހެމަތް ކުއްލިއަކަށް ހުއްޓުމުން ވަށައިގެން ހޯދަމުން ކުރިއަށް ދިޔަ ޒަލަފް ވެސް ހުއްޓިފައި އަހާލިއެވެ.
“މި މަގުން ކުރިއަށް ދާއިރު އަތިރި މައްޗަށް ފޭބޭނެ” ބެހެމަތް ބުނެލިއެވެ.
“އެހެންތަ؟ ޝުކުރިއްޔާ ބެހެމަތް…” ޒަލަފް އަވަސްއަރުވާލާފައި ވާހަކަދެއްކިއެވެ. އޭނާއަށް ބެހެމަތްގެ މިލައިގެން ދިޔަ މޫނުމައްޗެއް ނުފެނެއެވެ. އެއަށްވުރެ އޭނާ ހުރީ ޔަލާގެ ގާތަށް ދިއުމަށް ބޭނުންވެފައެވެ. ބެހެމަތްގެ ގާތުގައި އިތުރު އެއްޗެއް ނުބުނެ ކުރިއަށް ހިނގައިގަތެވެ. އޭނާ ދާ ދިމާއަށް ބަލަހައްޓައިގެން ބެހެމަތް ހުއްޓެވެ.
ވަކި ހިސާބަކުން ސްކޫޓަރެއް މަތީ ފޯނު ކަންފަތުގައި ޖަހައިގެން އިން އަންހެންކުއްޖަކު ޒަލަފްގެ ލޮލުގައި އަޅައިގަތެވެ. ނިއުޅާލާފައި އޮތް ދިގު ރާޅުބާނި އިސްތަށިގަނޑު އެ އަންހެންކުއްޖާގެ މޫނު ނުފެނުނެއްކަމަކު އެއީ ޔަލާ ކަމުގައި ޒަލަފްގެ ހިތް ބުންޏެވެ. ކުރިއަށް ވުރެ ދެފަޔަށް ބާރުލެވުނެވެ. އެއާއެކު ދެން ވީގޮތެއް ޚުދު ޒަލަފްއަކަށް ވެސް ނޭނގުނެވެ. އޭނާއަށް ހުރެވުނީ އެ އަންހެންކުއްޖާގެ ފަހަތުގައެވެ.
“ޔަލާ…” މަޑުމަޑުން ޒަލަފް ގޮވާލިއެވެ. އެއާއެކު ސައިކަލުމަތިން އެ އަންހެންކުއްޖާ ފުންމާލާ ދުރަށް ޖެހިލާފައި ފަހަތުގައި ހުރެ އޭނާއަށް ގޮވާލި މީހާއަށް ބަލާލިއެވެ.
ޔަލާއާއި ޒަލަފްގެ ނަޒަރު ސީދާވެގެން ދިޔައެވެ. ކުރުކޮށް ކޮށާލާފައި ހުރި ޒަލަފްގެ ބޮލުން ފެށިގެން ދެ ފައިތިލަޔާ ހަމައަށް ޔަލާ ބަލާލިއެވެ. ހުދުކުލައަކަށް މުޅިން ނުވާ ސްވެޓާ ފާޑުގެ ގަޔަށް ދޫކޮށް ހުރި ޓީޝާޓެއް ޒަލަފް ލާފައި ހުރިއިރު ދެ އަތްކުރި ވަނީ އުޅަންބޮއްޓާއި ހަމައަށް މައްޗަށް ނަގާލާފައެވެ. އާދައިގެ މަތިން އޭނާ ލާ އުޅޭ ފަދައިން މިރޭ ވެސް ހުރީ ސޯޓެއްގައެވެ. އަރިމަތީ ޖީބަށް އެއްއަތް ކޮށްޕާލުމާއެކު ހިނިތުންވެލައިގެން ހުރި ގޮތުން ޒަލަފްގެ ފިރިހެންވަންތަކަން ޔަލާގެ ނަފްސުގައި ތަފާތު ބާނިތަކެއް އުފައްދާލި ކަހަލައެވެ.
“ވަރަށް ރީތި…” ޔަލާގެ ކޮނޑުމަތިން ކުރިމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ފުރަގަށް ގެންގޮސްދެމުން ޒަލަފް ބުނެލިއެވެ. އެ ކުޑަކުޑަ ބީހިލުމުން ވެސް ޔަލާގެ ނޭވާ ހުއްޓެން އުޅުނު ކަހަލައެވެ. އަވަސްއަވަހަށް އަމިއްލަ އިސްތަށިގަނދުގައި އަތްހާކާލުމާއެކު ޔަލާ ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ.
“ޒަލަފް އައިކަމެއް ނުވެސް އެނގުނު… އެހާ ގާތުގައި ހުރެފައި ގޮވާލީމާ ދިޔައީ ސިއްސައިގެން” ލަދުވެތި ހިނިތުންވުމަކާއެކު ޔަލާ މޭގައި އަތްއަޅާލިއެވެ.
“އެކޮޅަށް ދަމާ…” ޒަލަފް ބުނެލިއެވެ.
ދެ ޒުވާނުން ގާތުގައި ތިބެ އަތިރިމައްޗަށް ފޭބިއެވެ. ޒަލަފް ހުރިލެއް އާދައިގެ ކަމާއެކު ޔަލާއަށް އިހުސާސްކުރެވުނީ އޭނާއަށް މި އާދެވުނީ މާބޮޑަށް ހެދިގެން ކަމުގައެވެ. މިރެއަށް ޚާއްޞާކޮށްގެން އެހާ ކަންތައްބޮޑު ހެދުމެއް ލައިގެން އޭނާ ހުރުމުން ޒަލަފްއަށް ކަމު ނުދާނޭ ހިތަށް އަރާ ޔަލާއަށް ލައިގެން ހުރި ހެދުމަށް ދެ ތިން ފަހަރަށް ބަލާލެވުނެވެ.
“ޔަލާ މިރޭ ވަރަށް ތަފާތު… ތި ހެދުމާ ޔަލާއާ ވަރަށް ގުޅޭ…” ޒަލަފް ބުނެލިއެވެ.
“އަހަރެން ހިތްހަމަޖައްސައިދޭން ޒާލް އުޅެނީބާ” ޔަލާގެ އޭނާގެ ޟަމީރާ ސުވާލުކުރިއެވެ. އާދަޔާ ޚިލާފު މީރު ވަހެއް ވެސް ޒަލަފްގެ ގާތުގައި ހުރެ ހިނގަމުން ދިޔަ ޔަލާއަށް ދުވަމުން ދިޔައެވެ. ހިތްފުރި އަރާ ފަދަ މީރު ވަހެކެވެ. ލޯ މަރާލަމުން އެ މޭގެ ތެރެއަށް ވަދެ އޮންނަން ބޭނުންވާ ފަދަ ހިތްގައިމު ވަހެކެވެ. ކަރަންޓު ސޯޓެއް ވިފަދަ އިހުސާސެއް ކުއްލިއަކަށް ދެ ޒުވާނުން ކުރެވިގެން ދިޔައީ ހިނގަމުން ދަނިކޮށް ޒަލަފްގެ އަތާއި ޔަލާގެ އަތް ޖެހުމުންނެވެ. ދެއަތް ދެއަތާ ގުޅުވާލުމާއެކު އިސްޖަހާލައިގެން ހުރެ ޔަލާ ހިނިތުންވެލިއެވެ. އޭނާއަށް މިވަގުތު ކުރެވޭ އިހުސާސް ޚުދު އޭނާއަށް ވެސް ދެނެގަންނަން އުނދަގުލެވެ.
“އަހަރެން މިރޭ ވަރަށް އުފާވެއްޖެ…” ޒަލަފް ބުނެލިއެވެ.
“ކީއްވެ؟” ޔަލާއަށް އޭނާ ކުރި ސުވާލުގެ ޖަވާބު އެނގޭހެން ހީވިޔަސް ޒަލަފްގެ ދުލުން ޔަޤީންކުރަން ބޭނުންވިއެވެ.
“ޔަލާއާ ވަރަށް ގިނަ ވާހަކަދައްކަން އަހަރެން ބޭނުން، މިރޭ އަހަރެން އެދިއެދި ހުރި ވަރަށް ބޮޑު އުންމީދެއް މި ފުރިހަމަވީ، ޔަލާ ފެނުނު ފުރަތަމަ ރެއިން ފެށިގެން ވެސް އަހަރެން ހުރީ ޔަލާއާ ބައްދަލުކުރަން ބޭނުންވެފައި، އޭރު ހިޔެއްނުކުރަން އަހަންނަށް މިކަން ވެދާނެއެކޭ… އެކަމަކު…. މިހާރު… މިހާރު ޔަޤީންވެއްޖެ… އެންމެ އުފާވީ ޔަލާ ވެސް އަހަންނާ ބައްދަލުކުރަން ބޭނުންވެފައި ހުރިކަން އެނގުނީމަ”
ޒަލަފްގެ ގާތުގައި ޔަލާގެ ހިތުގައިވާ އެއްޗެއް ހާމަކުރަން ފަސްޖެހިފައި ޔަލާ ހުއްޓެވެ. މަޑުމަޑު ދޮންވެލިގަނޑަށް ފައިތިލަ ވަދެގެން ދާން ފެށުމުން އަރާފައި ހުރި ފައިވާނުގައި ހިނގުން ފަސޭހަކަމަކަށް ޔަލާއަށް ނުވިއެވެ. އެހެންވެ ދެފައިވަން ކިބަ އަތަށް ނެގިއެވެ.
“މިރޭގެ ހަނދަށްވުރެ ޔަލާ މާ ފުރިހަމަ… އަހަރެންގެ ލޯ ޔަލާއާ ވަކިކޮށްލާ ހިތް ނުވެގެން މިއުޅެނީ އެހެންވެކަން ޔަޤީން” ރާޅުޖަހާތަން ފެންނަ ހިސާބުގައި ދެ ޒުވާނުން މަޑުކޮށްލިއެވެ. އޭރު ބުރުފުރިހަމަވެފައިވާ ހަނދު އެހެންޏާ ހުންނަ ވަރަށް ވުރެ ތިރިކޮށް ބޮޑުކޮށް ފެންނަން ހުއްޓެވެ. ރިހިހަނދުވަރުގެ އަލިން ލޮނުގަނޑުމަތީ ޖަވާހިރު ވިދަމުން ދާކަހަލައެވެ. އެ އަލިކަމުގައި އެކަކު އަނެކަކާ ދިމާއަށް އެނބުރި ތިބިއިރު ޔަލާގެ ދޮން މޫނު ސާފުކަމާއެކު ޒަލަފްއަށް ފެންނަމުން ދިޔައެވެ.
ކުޑަހިނދުކޮޅަކަށް ނަމަވެސް ދެ ޒުވާނުންގެ ބަސްހުއްޓުނެވެ. އެކަކު އަނެކަކުގެ ލޮލުގެ ތެރެއަށް ގެއްލިފައި ތިބިއިރު ދެ ހިތުގެ ހިނގުން ވެސް އެކުވެފައިވާ ކަހަލައެވެ. ދެ ތުންފަތުގައި ވެސް ވަނީ މަރުޚަބާ ކިޔުމުގެ ހިނިތުންވުމެކެވެ. ބޭއިޚްތިޔާރުގައި އުފުލާލެވުނު އަތުން ޔަލާގެ ކޯތާފަތުގައި ޒަލަފްއަށް ޖައްސާލެވުނެވެ. އެ ބީހިލުމާއެކު މަޑުމަޑު ވައިރޯޅިއެއް ޔަލާގެ ހަށިގަނޑުގައި ބީހިލި ކަހަލައެވެ. އެތެރެ ހަށީގައި ނޭވާ ހިފަހައްޓާލެވުނެވެ. އިހުނަށްވުރެ މޫނު އުފުލާލަމުން ޒަލަފްގެ ފުންކަނޑެއް ފަދަ ދެ ލޮލުގެ ތެރެއަށް ގެނބިގެން ދިއުމަށް ޔަލާ ބޭނުންވިއެވެ. ޒަލަފްގެ އިނގިލިތައް ހަރަކާތްކޮށްލުމާއެކު ޔަލާގެ ކޯތާފަތުގައި ފިރުމާލާފައި ދަތްދޮޅީގައި ހިފާލިއެވެ.
“އަހަރެންގެ ސިކުނޑި މަސައްކަތް ކުރުން ހުއްޓާލާފައި ވާކަހަލަ… ޔަލާ ގާތު އެތައް ވާހަކައެއް ބުނަން ގަސްދުކޮށްގެން ހުރީ… އެކަމަކު… އެކަމަކު… ޔަލާ! އަހަންނަށް މިވާގޮތެއް ބުނެދޭން ނޭނގިގެން މިއުޅެނީ…”
“އަހަންނަށް… އަހަންނަށް ވެސް ބުނެދޭން ނޭނގޭ ގޮތްތަކެއް އެބަވޭ” ދަތްދޮޅީގައިވާ ޒަލަފްގެ އަތުގައި ހިފާލަމުން ޔަލާ ބުނެލިއެވެ.
“މި ހިތް ވެސް” ގެނައި ކުއްލި ހަރަކާތާއެކީ ޔަލާގެ އަތް ގެނެސް ޒަލަފްގެ މޭގައި އޭނާ ޖައްސާލިއެވެ.
“ޔަލާ… އަހަރެން… އަހަރެން ޔަލާ ބޭނުން” ހިތުގައިވާ އެއްޗެއް ހާމަކުރުމަށް ޒަލަފް ކުޑަކޮށް ވެސް ފަސްނުޖެހުނެވެ. އެއަށްވުރެ އޭނާއަށް ވަނީ ޔަލާއާ ގާތްވެވިފައެވެ. އެ ހިތުގެ އަޑު ވަށައިގެންވި އެހެން ހުރިހާ ކަމެއް ހިމޭންކޮށްލައިފިއެވެ. މިހާރު ނުބުނިއްޔާ މާ ލަސްވެދާނެހެން ހީވަނީއެވެ.
“ޒާލް… ވަގުތީ ގުޅުމަކަށް އަހަންނަށް މަރުޚަބާއެއް ނުކިޔޭނެ، އެއަށްވުރެ ބޮޑަށް އަހަރެންގެ ހިތް މިވަނީ ޒާލްގެ ޚިޔާލުތަކުން ބަނދެވިފައި” ޔަލާ ބުންޏެވެ.
“ބޭނުންވަނީ މުޅި އުމުރަށް އެކުގައިވާން… ޔަލާ… އަހަންނާއެކު މުޅި އުމުރަށް ވާނަންތަ؟” ޔަލާގެ ދެއަތްތިލައިގައި ޒަލަފް ހިފާލިއެވެ. ޒަލަފްގެ ލޯބި ހުށަހެޅުން ޔަލާއަށް ކަމުދިޔައެވެ. ޒަލަފްގެ ދެ ލޮލުން އޭނާގެ ވާހަކަތަކުގެ ތެދުކަން ޔަލާއަށް ދެނެގަންނާކަށް އުނދަގުލެއްނުވިއެވެ.
ހީނުކުރާހާ ގާތްކަމެއް ދެ ޒުވާނުންގެ ދެމެދަށް ވެރިވެފައިވިއެވެ. ރާޅުޖަހާއަޑު ކެނޑިނޭޅި އިވެމުންދިޔައިރު އެ އަޑުގެ ތެރެއަށް ދެ ޒުވާނުންގެ އަޑު ވެސް އެކުވަމުން ދިޔައެވެ. ފުރަތަމަ ފަހަރަށް ބައްދަލުވުމުން ދެ ޒުވާނުން ވެސް ތިބީ ހިތުގައިވާ ހުރިހާ އިހުސާސްއެއް ބަންޑުންކޮށްލާނޭ ގޮތެއް ނޭނގިފައެވެ. އެހެންނަމަވެސް އެކަމަށް މޮޅު އުކުޅެއް ބޭނުމެއްނުވިއެވެ. ދެ ޒުވާނުންގެ ހިތް އޭގެ ޒާތުގައި މަޑުމަޑުން ހުޅުވިގެންދިޔައެވެ. ދެ ހިތުގައި އެއްވިންދެއް ޖަހަންފެށުމުން އެ ދެ ހިތް ވެސް ބޭނުންވެފައި ވަނީ އެއްކަމަކަށްކަން އެނގުނެވެ. މަޑުމަޑުން ޔަލާގެ އަތުގައި ހިފާލައިގެން ހުރެ ޒަލަފް ހިނގަންފެށިއެވެ. އޭނާގެ ފިރިހެންވަންތަކަމާއެކު އެ ހަށިގަނޑުން ދުވާ މީރު ވަހަކީ ޔަލާގެ ހަމަވިސްނުން ގެއްލި މަސްތުކަމެއްގެ ތެރޭގައި އުޅެވޭ ފަދަ އިހުސާސެއް ކުރެވެމުންދިޔަ ކަންތައްތަކެވެ. ދޭތެރެއަކުން ހަށިފުރާ ނޭވާއެއް ޔަލާއަށް ލެވެއެވެ. އެ ތުންފަތުގައިވާ ލުއި ހިނިތުންވުން ފިލާ ނުދެއެވެ. ޒަލަފްގެ އަތުގެތެރޭގައިވާ އަމިއްލަ އަތަށް ޔަލާ ބަލާލައެވެ. މަޑުމަޑުން ކުރިއަށް ހިނގަމުން ދިޔަ ވަރަކަށް ޒަލަފް އޭނާގެ ހިތުގައިވާ އެއްޗެއް ހާމަކުރަމުން ދިޔައެވެ. ޔަލާއަކީ އޭނާގެ ހަޔާތުގެ ބައިވެރިއަކަށް ހެދުމަށް އޭނާ ބޭނުންވާކަމެވެ. އެ ފަދަ މިނިވަން މާޙައުލުގައި ޔަލާއާ ބައްދަލުކުރަން ބޭނުންވާކަމެވެ.
ޔަލާގެ ފޯނު ވައިބްރޭޓްވާކަން އިހުސާސްވެގެން ފޯނު ނަގާ އޭނާ ބަލާލިއެވެ. އޭރު ބާރަޖަހަނީއެވެ. ގުޅަނީ ލުހާއެވެ. ޒަލަފްއަށް ބަލާލަފައި ފޯނުކޯލަށް ޖަވާބުދިނެވެ.
“ދެ ފަހަރު ގުޅައިފިން، އަދިކިރިޔާ ދޯ ފޯނު ނެގޭވަރުވީ… ކޮންއިރަކުންތަ ގެއަށް އަންނަނީ، މަންމަ އެބައިން އަދިވެސް ސިޓިންރޫމުގައި. އަހައިފި ޔާލް އަންނާނީ ކޮންއިރަކުހޯ” ލުހާގެ އަޑު ޔަލާގެ ކަންފަތަށް އިވިގެން ދިޔައެވެ.
“އިރުކޮޅަކުން މިދަނީ…” ޔަލާ މާގިނަ ވާހަކައެއް ނުދެއްކިއެވެ. އަވަހަށް ކޯލު ކަނޑާލާފައި ފޯނަށް ބަލާލިއިރު ލުހާ އެ ބުނީ ތެދެއްކަން އެނގުނެވެ. ދެ ފަހަރަށް ގުޅިއިރު ވެސް އޭނާއަށް ނޭނގުނީއެވެ.
“ގެއިން ދޯ އެ ގުޅީ… ލަސްވީތަ” ލުހާ ދެއްކި ވާހަކަތައް ޒަލަފްއަށް ސާފުކޮށް އިވުނެވެ. އެހެންވެ އޭނާ އަހާލިއެވެ.
“ބާރަޖަހަނީއެއްނު… އަހަރެން ހޮސްޕިޓަލުގެ ކަމެއްގައި ނޫނީ އެހާ ދަންވަންދެން ބޭރުގައެއްނޫޅެން، މަންމަ ވަރަށް ކަންބޮޑުވާނެ ރޭގަނޑު އެހާ ލަސްވަންދެން ބޭރުގައި އުޅެންޏާ… އަހަރެން އެކަންޏެއްނޫން، ކޮއްކޮ ބޭރަށް ދިޔަޔަސް މަންމަ އުޅޭނީ ހަމައެހެން” ހިނިތުންވެލައިގެން ހުރެ ޔަލާ ބުނެލިއެވެ.
“މަންމަ ހިތްހަމަނުޖެހޭ ގޮތަކަށް އުޅޭކަށް ނުވާނެ، ހިނގާ ދަމާ…” ޒަލަފް މިހެން ބުނެ އައިކޮޅަށް އެނބުރި ހިނގައިގަތެވެ.
ދެ ޒުވާނުންގެ މެދުގައި ޢާއިލާގެ ވާހަކަތައް ދެކެމުންދިޔައެވެ ނަމަވެސް ކީއްވެކަމެއް ޚުދު ޒަލަފްއަށް ވެސް ނޭނގެއެވެ. އޭނާ ޒާލިފުގެ ވާހަކައެއް ނުބުންޏެވެ. ޒާލިފަށް ކިތަންމެ އިތުބާރުކުރި ނަމަވެސްއެވެ.
“ދެން ކޮންދުވަހަކުން އަހަންނާ ބައްދަލުވާނީ” ދެ މީހުން އަތިރިމަތީގައި އިހު ތިބި ހިސާބުގައި މަޑުކޮށްލަމުން ޒަލަފް އަހަލިއެވެ.
“ޒާލް ބުނޭ ގަޑިއެއް… އެކަމަކު ޑިއުޓީ ގަޑިތަކުގައި ބައްދަލުކުރަން ވަރަށް އުނދަގޫވާނެ” ޒަލަފްގެ އަތާއި އަތް ގުޅާލައިގެން ހުރެ ޔަލާ ބުނެލިއެވެ.
“އަހަންނަށް މިގަޑި ވަރަށް ކަމުދޭ… ކިހާ ހިތްގައިމު… ޚާއްޞަކޮށް މިތަން… މޫދުކައިރި…” ޒަލަފް މިހެން ބުނުމުން ޔަލާ ވަށައިގެން ބަލާލަމުން ހީނލިއެވެ.
“ޒާލް ބޭނުންގޮތެއް…” ރަކި ގޮތަކަށް ޔަލާ ބުނެލިއެވެ.
“ހަމަ ތެދެއްތަ؟ އަހަރެން ބޭނުންގޮތެއް ޔަލާ ހަދާނަންތަ؟” ޒަލަފް މިހެން ބުނެލީ ލާނެތް ފާޑަކަށެވެ. އެއާއެކު ޔަލާ ބޯޖަހާލަމުން އިސްޖަހާލިއެވެ. އޭނާއަށް ވެސް ޒަލަފް ލާނެތް ސަމާސާއެއް ކުރަނީކަން އެނގުނީ ކަހަލައެވެ.
“ޔަލާ! މިރެއިން ފެށިގެން ތީ އަހަރެންގެ މީހެއް…. މި ދުނިޔެއިން ވެސް އަހަރެން އެންމެ ލޯބިވާ އަންހެންކުއްޖާ. އަހަރެން އުފަންކުރި މަންމައަށްފަހު އަހަރެން ދުށް ފުރަތަމަ އަންހެންކުއްޖާ. އަހަރެންގެ ހިތުގެ ރާނީ… އަހަރެންގެ އަތުގައި ޔަލާއަށް ދޭނޭ މާގިނަ އެއްޗެއްނެތް، ހަމައެކަނި އޮތީ މި ފިނިފެންމާ” ޒަލަފް ސޯޓުގެ ފަހަތު ޖީބަށް ޖަހައިގެން އުޅުނު ފިނިފެންމާ ނަގައި ޔަލާއަށް ދިއްކޮށްލިއެވެ.
“އަހަންނަށް ޒާލްއަކީ އާދައިގެ އެހެންމީހުން ފަދަ މީހެއްނޫންކަން މިހާރު އެނގޭނެ. ވީއިރު ޒާލް ކޮންމެ އެއްޗެއް ދިން ނަމަވެސް އަހަރެންގެ ނަޒަރުގައި އެއްވެސް އެއްޗަކަށްވުރެ އޭގެ އަގު ބޮޑުވާނެ” ޔަލާ މިހެން ބުނުމާއެކު ޒަލަފް އޭނަގެ އަތުގައި ހިފައިގެން ހުރެ ގާތަށް ދަމާލިއެވެ. އަދި މަޑުމަޑުން ޔަލާގެ ދެ ކޮނޑުގައި ހިފައި ގަޔާ ކައިރިކޮށްލިއެވެ. އެހިނދު ޔަލާ އަވަހަށް ދެ ލޯ މަރާލިއެވެ. ވާންމިއުޅެނީ ކިހިނެއްކަން ނޭނގުނަސް އޭނާގެ ހިތާއި ނަފްސު ވެސް ޒަލަފްއަށް ހުށަހަޅަން ފަސްނުޖެހޭނެއެވެ. ޔަލާގެ ނިތްކުރީގައި ޒަލަފްގެ ދެ ތުންފަތް ޖައްސާލުމާއެކު ލޯބިވެތި ބޮސްދިނުމަކާއެކު ޔަލާގެ ބޮލުގައި ފިރުމާލިއެވެ.
“މި ފަދަ ކިތަންމެ ރެއެއް އަހަންނާއެކު ޔަލާ ހޭދަކުރާނެކަން އެނގޭއިރު ވެސް މިރޭ ޔަލާއާ ވަކިވާން އަހަރެންގެ ހިތެއް ނޭދޭ” ޒަލަފް މަޑުމަޑުން ބުނެލިއެވެ.
“ލޯބިވާ ދެ ހިތް ދުރުގައި އުޅޭނީ ކިހިނެއް؟ އެކަމަކު އެ ހިތާ އަބަދުވެސް ސިކުނޑި ދެކޮޅު ހަދައެއްނު… މިރެއަކީ އަހަރުމެން ދެ މީހުންގެ ފެށުން، މި ގޮތަށް ތިބެން ބޭނުންވިޔަސް އެހެން އެކަން ވާނީ ކިހިނެއް؟ އަހަރުމެން ދެ މީހުންނާ އެތައް ކަމެއް ގުޅިފައިވޭ، އެކަންތައްތަކާ މެދު ވިސްނަން ސިކުނޑި މަޖުބޫރުކުރޭ… މިރެއަށް އަލްވަދާޢު ކިޔާފައި އެހެން އިރަކުން ބައްދަލުވެވޭނެކަމުގެ އުންމީދާއެކު ވަކިވުން އެއީ އެންމެ ރަނގަޅުގޮތް… މި ރޭގަނޑު ވެސް އަބަދަކު މިހެންނެއް ނޯވެއެއްނު، ހަނދު ވެސް އަހަރުމެން އައި އިރު ހުރި ވަރަކަށް ނޫން މިހާރު އެ ހުރީ…”
“ޔަލާ ތިބުނީ ތެދެއް… އިންތިޒާރު ކުރުމަކީ ކިތަންމެ ކުރަން އުނދަގޫ ކަމެއް ނަމަވެސް ފަހުން ލިބޭ ހިތްހަމަޖެހުން މާބޮޑު” ޒަލަފް މިހެން ބުނެ ޔަލާގެ ކޮނޑުގައި ގާތްކޮށްލައިގެން ހުރެ އެއްގަމަށް އަރަން ހިނގައިގަތެވެ.
“މީ ޔަލާ ދުއްވާ ސައިކަލުތަ؟ ހާދަ މޮޅޭ ޔަލާ…” ސްކޫޓަރުގެ ކައިރިއަށް ހުއްޓި ތަޅުދަނޑި ނެގިތަން ފެނި ޒަލަފް ބުނެލިއެވެ.
“މި ދެން އެހާ މޮޅުކަމެއްތަ؟ ޒާލް ވެސް ސައިކަލު ދުއްވަނީއެއްނު” ހީނލާފައި ޔަލާ ބުނެލިއެވެ. އެކަމަށް ވަކި އެއްޗެއް ޒަލަފް ނުބުންޏެވެ.
“އަހަރެން ދެން ދަނީ” ޔަލާ އޭނާގެ ސްކޫޓަރަށް އަރާ ހަމަޖެހިލާފައި ބުނެލިއެވެ.
“އަހަރެން ދަންތަ ޔަލާއާއެކު” ޒަލަފް އަހާލިއެވެ.
“އެކަމަކު ޒާލް ދާން ޖެހެނީ މާދުރަކައްނު” ޔަލާ ވެސް ބޭނުންވަނީ އޭނާއާއެކު ޒަލަފް އައުމަށެވެ. އެހެންވިޔަސް އޭރުން ޒަލަފް އެނބުރި ގެއަށްދިއުން ތަކުލީފަކަށް ވެދާނެއޭ ހީވިއެވެ.
“އުނދަގުލެއްނުވާނެ، ޔަލާއާއެކު ދިއުމުގެ ހުއްދަ ދީބަލަ” ޔަލާގެ އަތުގައި ޒަލަފް ހިފާލިއެވެ. އެއާއެކު ޔަލާ ހިނިތުންވެލަމުން ބޯޖަހާލިއެވެ.
“ޒާލް ދުއްވަންވީނު” ޔަލާ ސްކޫޓަރު ދައްކާލަމުން ބުނެލިއެވެ.
“މިފަހަރު ޔަލާ ދުއްވާ، އަހަރެން އިންނާނީ ފަހަތުގައި…” ޒަލަފް ބުނެލިއެވެ.
ސްކޫޓަރު ދުއްވާލުމާއެކު ޒަލަފް އައިސް ޔަލާގެ ބުރަކަށީގައި ޖެހުނުކަމުގެ އިހުސާސް ކުރެވުނެވެ. ލާނެތް ހިނިތުންވުމެއް ޔަލާގެ ތުންފަތާ ކުޅެމުންދިޔައެވެ. ފަހަތުގައި ޒަލަފް އިންއިރު އޭނާ ބޯއަރިކޮށްލައިގެން އިނދެ ޔަލާގެ މޫނަށް ބަލަމުން ދިޔައެވެ. އެހެން އިނދެ ދޭތެރެއަކުން ވަޔާ ވިހުރުވިގެންދާ އިސްތަށިގަނޑު ޒަލަފްގެ ދެއަތުން ކޮންޓްރޯލުކޮށްލައެވެ. އަދި ގަސްދުގައި ޔަލާގެ ކަނދުރާއާ ގާތްވެލައިގެން އިން އިރު އޭނާގެ ހޫނު ނޭވާ އެޅެމުން ދިޔައެވެ.
“މި އާދެވުނީ” ސްކޫޓަރު ގޭ ދޮށު ފާރުކައިރީ މަޑުކޮށްލުމާއެކު ޔަލާ ބުނެލިއެވެ.
“ހާދަ އަވަހަކާއޭ މި އާދެވުނީ” ސްކޫޓަރުން ފައިބަމުން ޒަލަފް ބުނެލިއެވެ. އެއާއެކު ޔަލާ ހީނލިއެވެ.
ޔަލާގެ ގެއަށް ޒަލަފް ބަލާލިއެވެ. ދޮރޯށީގެ ވައަތްފަރާތު ފާރު މަތިން ދެތިން ވައްތަރު ގަހެއްގެ ގޮފިތައް މަގުމައްޗަށް ނުކުމެފައި ހުއްޓެވެ. އާދައިގެ އެހެންނަމަވެސް ރީތި ގެއެކެވެ. ތަންކޮޅެއް ބިއްދޮށުން މައްޗަށް ނަގާފައި ހުރި ބައެއް ވެސް ފެންނަން ހުއްޓެވެ.
“އެހެރީ އަހަރެންގެ ކޮޓަރި” ގެއާ ދިމާއަށް ޒަލަފް ބަލަހައްޓައިގެން ހުއްޓާ ޔަލާ ބުނެލިއެވެ. އެއާއެކު ޔަލާ އިޝާރާތްކުރި ދިމާއަށް ޒަލަފް ބަލާލިއެވެ.
“ދެން ދަނީ އިނގޭ… މަންމަ އިންނާނެ ސިޓިންރޫމުގައި” ޔަލާ ބުނެލިއެވެ. ޒަލަފް ބޯޖަހާލީ އާނއެކޭ ބުނެލުމަށެވެ. އެއާއެކު ޔަލާ ދޮރޯށި ކައިރިއަށް ސްކޫޓަރު ގެނެސްފައި ދޮރޯށި ހުޅުވާލިއެވެ. އަދި ގޭތެރެއަށް ސްކޫޓަރު ވައްދަން ފެށިއެވެ. އެކަން ކޮށްފައި ދޮރޯށި ލައްޕަން އައިއިރު ޒަލަފް މަގުމަތީގައި ހުރުމުން އަތުން “ޓާޓާ” ކިޔާލާފައި ދެން ދިއުމަށް އިޝާރާތްކޮށްލިއެވެ. އަދި މަޑުމަޑުން ދޮރޯށި ލެއްޕިއެވެ.
ބޮލުގެ ފުއްކިބައިގައި އަތްހާކާލާފައި ޒަލަފް ހިނިތުންވެލިއެވެ. އެނބުރި ހިނގައިގަންނަން އުޅެފައި ވެސް އަލުން ޔަލާގެ ގެއަށް ބަލާލިއެވެ. ސޯޓުގެ ޖީބަށް ދެއަތްތިލަ ކޮށްޕާލައިގެން ޒަލަފް ހިނގައިގަތެވެ. ކުރިއަށް ހިނގަމުން ދިޔަ ވަރަކަށް ގެއަށް ދާންވީ މަގު ސާފުވަމުން ދިޔައެވެ. އޭނާގެ ސިކުނޑީގައި މަގުތައް ކުރެހިފައިވާ ކަހަލައެވެ. ހިނގަމުން އައިސް ބެހެމަތްއާއެކު ވަލުތެރެއިން ނުކުން މަގަށް ޒަލަފްއަށް އާދެވުނެވެ. ކުޑަ ވެސް ޖެހިލުންވުމެއް ނެތި އޭނާ ގަސްތަކުގެ ތެރެއަށް ވަދެގެން ދިޔައެވެ. މައްޗަށް އަރަމުން ދިޔަ ވަރަކަށް ހަނދު ކުޑަވަމުން ދިޔައެވެ. ނަމަވެސް ފެތުރިފައިވާ އަލިކަމަށް ބަދަލެއް ނާދެއެވެ. ގަސްތަކުގެ ތެރެއަށް ވަދެގެން ވަކި ހިސާބަކަށް ދެވުނު ތަނާހެން ހިމޭންކޮށް އޮތް ވަލުތެރޭގައި އަޑުފަށްގަނޑު ގަދަވާންފެށިއެވެ. އަދި ގިނައިރެއްނުވެ އަންހެންކުއްޖަކު ދާދި ގާތުން ކަރުކެހެލި އަޑު އިވިގެން ދިޔައެވެ. ވަގުތުން އެއީ ކާކުކަން ޒަލަފްއަށް އެނގުނެއްކަމަކު އޭނާ ފަހަތަށް ބަލައެއް ނުލިއެވެ. ދެން އިވުނީ ހީނލިއަޑާއެކު ޒަލަފްގެ ނަމުން ގޮވާލި އަޑެވެ. އެހިނދު ކުއްލިއަކަށް ޒަލަފްއަށް ފެނުނީ އޭނާއާ އެއްވަރަށް ހިނގަމުން އަންނަ ބެހެމަތްއެވެ. މަޑުން ހިނގަމުން އައި ޒަލަފްއަށް ހިނގެނީ އާދައިގެ އިންސާނަކަށްވުރެ މާބަރަށްކަން އޭނާއަށް އިހުސާސް ކުރެވުނީ ވަށައިގެންވާ މާހައުލަށް ބަލާލެވުމުންނެވެ.
“އަނގައިން ނުބުނެ ތި ދަނީ، ނުރުހުންވެގެންތަ” ބެހެމަތް އަހާލިއެވެ.
“އެހެނެއްނޫން…” ބެހެމަތްއަށް ޒަލަފް ބަލާލިއެވެ.
“ޒަލަފްއަށް ބައްދަލުކުރަން ބަޔަކު އެބަތިބިކަން އެނގޭތަ” ބެހެމަތް ބުނެލިއެވެ.
“ކޮންބައެއް؟ މި ހިސާބަށް މި ގަޑީގައި މީހުން ވަދެ އުޅޭތަ؟” ޒަލަފް މިހެން ބުނުމާއެކު ބެހެމަތް ހީނގަތެވެ.
ޒަލަފްގެ ކުރިއަށް ބެހެމަތް އަރާ އޭނާ ހުއްޓުވިއެވެ. ހައިރާންވެފައި ބެހެމަތްއަށް ޒަލަފް ބަލާލި ވަގުތު މުޅި މާޙައުލު ބަދަލުވެގެން ދިޔައެވެ. ޖެހިލި ފިނިފިނި ވައިރޯޅިއާއެކު ޒަލަފްގެ ހިތަށް ވެސް ފާޑެއްގެ ގޮތެއް ވެގެން ދިޔައެވެ. ދެއަތާއި ކަނދުރާގައި ހުރި ލޯލިތަކަށް އެނގުންވެގެން ދިޔައީ ބޮޑުކަމެއް ވާން އުޅޭ ކަމެވެ. ހަމައެއާއެކު ޒަލަފް ހުރި ހިސާބު އަލިވާން ފަށައިފިއެވެ. އަދި ހިޔަނިތަކެއް ފަދަ މީހުންތަކެއް ފެންނަން ފެށިއެވެ. އެ ބައެއްގެ ތެރެއިން ބޮޑުބޮޑު ދެ ހިޔަނި ފާޅުވެގެން ދިޔައެވެ. މީ ކޮންކަންތައްގަނޑެއްކަން ނޭނގި ދެ ލޯ ބޮޑުކޮށްގެން ބަލަން ޒަލަފްއަށް ހުރެވުނީ އިންތިހާއަށް ހައިރާންވެ އަޖައިބުވެފައެވެ.
ހިޔަނިތަކުގެތެރެއިން ފާޅުވި ބޮޑު ދެ ހިޔަނިން ތުރެ އެއް ހިޔަނި ޒަލަފްއާ ގާތަށް އަންނަން ފެށިއެވެ. އިސްކޮޅުން ދިގު ބިޔަ މީހެއްގެ ހިޔަނިކަން ޒަލަފްއަށް ޔަޤީންވެއެވެ. އޭނާއަށް ވުރެ ކުރީގައި ހުރި ބެހެމަތް ކުރުނީސްކުރުމާއެކު އެއްފަރާތަށް ޖެހިލިތަން ފެނުނެވެ. އެހިނދު އެ ބޮޑު ހިޔަނި ކުރިއަށް އަންނަމުން އައިސް ޒަލަފްގެ ކުރިމަތީގައި ހުއްޓިއްޖެއެވެ. އޭރު އަވަސްވެފައިވާ އަމިއްލަ ހިތުގެ ތެޅުން ވެސް ޒަލަފްގެ ކަންފަތަށް އަޑުއިވޭ ކަހަލައެވެ. ހުރި ފިޔަވަޅު މަތީ ގުޑިލަން ވެސް ނުކެރިފައި ޒަލަފް ހުރިއިރު އޭނާގެ ބޮލުގައި ރިއްސަން ފެށި ކަހަލަ ގޮތްތަކެއް ވާން ފެށިއެވެ. ކުރިމަތީ ހުރި ހިޔަންޏަށް ނުބެލުމަށް އިސް ތިރިކޮށްލި ވަގުތު އެ ހިޔަނި އަތް ހިއްލާލިއެވެ. ދެން އިހުސާސް ވެގެންދިޔައީ އެ ހިޔަނީގެ އަތުން އިނގިއްޔެއް ޒަލަފްގެ ނިތްކުރީގައި ޖައްސާލިކަމެވެ. އެހިނދު ޒަލަފްގެ މުޅި ހަށިގަނޑުގައި މަޑުމަޑު ވައިރޯޅިއެއް ބީހިލިހެން ހީވިއެވެ. އަދި ފާޑެއްގެ ފިނިގަނޑެއް ގަޔަށް އަރައިގަތެވެ. ދެ ލޯ މަރާލެވުނީ އެހެންވެއެވެ. ނަމަވެސް ދެން ލޯ ހުޅުވާލި އިރު މުޅި މާޙައުލު ބަދަލުވެއްޖެއެވެ. ނޫނީ ފެންނަ ގޮތް ބަދަލުވީ ނޫންބާއޭ ވެސް ޒަލަފްގެ ހިތަށް އެރިއެވެ. ކުރިން ފެނުނު ހިޔަނިތައް ތިބީ މީހުންނަށް ވެފައެވެ. އެ މީހުންގެ ކުރިއަށް ހުރި ބޮޑު މީހާ ޒަލަފްއަށް ބަލަހައްޓައިގެން ހިނިތުންވެލައިގެން ހުއްޓެވެ. ކުރިމަތީ ކުރިން ހިޔަންޏެއް ހުއްޓަސް އެ ހިޔަނި ވެސް މިހާރު ފެންނަނި މީހެއްގެ ސިފައިގައެވެ. ނަމަވެސް އެހެން މީހުންނަށްވުރެ ބޮޑަށް ތިބި ދެ މީހުން އިސްކޮޅުން ދިގުވެފައި ހަށިގަނޑުގައި ހައިބަތު ހުއްޓެވެ. ލާފައި ހުރި ހެދުން ވެސް އެހެން މީހުންނާ ތަފާތެވެ.
“ޒަލަފް…” ކުރިމަތީގައި ހުރި ބޮޑު މީހާ ޒަލަފްއަށް ގޮވާލީ ހިނިތުންވެލައިގެން ހުރެއެވެ. ހައިރާންވެފައި ޒަލަފް އެ މީހާއަށް ބަލާލިއެއް ކަމަކު ޚުދު ޒަލަފްގެ ސިކުނޑީގެ ކޮންމެވެސް ހިސާބަކުން އެއީ ކާކުކަން އޭނާއަށް ބުނެދޭން އުޅުނު ކަހަލައެވެ. ބީރައްޓެހިކަމެއް އެ ހިނިތުންވުމުގައި ނެތެވެ. އެ ދެ ލޮލުން ފެންނަނީ ކަމަކަށް ބޭނުންވެފައި ހުރި ކަމެވެ. ބެހެމަތްގެ ލޯ ހުންނަ ފަދައިން އެ މީހާގެ ލޮލުގެ ކަޅި ވެސް ހުރީ ރަތްކުލައިގައެވެ.
“ތީ ބެހެމަތްގެ ޢާއިލާ މީހުންތަ؟ ކުރިން އަހަންނަށް ނުފެނިފަ މިހާރު ފެންނަނީ އެހެންވެ ދޯ” އިރުކޮޅަކު ހުރުމަށްފަހު ޒަލަފް ސުވާލުކުރިއެވެ. އެއާއެކު އޭނާގެ ކުރިމަތީ ހުރި މީހާއާއި ފަހަތުގައި ތަންކޮޅެއް ދުރުގައި ހުރި ބޮޑު މީހާ ވެސް ހޭންފެށިއެވެ. އެއްފަރާތުގައި އިސްޖަހާލައިގެން ހުރި ބެހެމަތް ވެސް އަނގަމަތީ އަތްއަޅައިގެން ހުރެ ހެނީކަން ޒަލަފްއަށް އެނގުނެވެ. ދެ ބުމަ ކައިރިކޮށްލުމާއެކު ބެހެމަތްއަށް ޒަލަފް ބަލާލިއެވެ. އެހިނދު އޭނާގެ ގާތުގައި ހުރި މީހާ ޒަލަފްގެ ކޮނޑުގައި އަތްޖައްސާލިއެވެ. އަދި ކުރިއަށް ދިއުމަށް އިޝާރާތްކޮށްލިއެވެ.
“އަހަންނަށް އެނގޭ ޒަލަފްއަށް އަހަރުމެންނާ ބެހޭ އެއްވެސް ވާހަކައެއް އަރީޝާ ކިޔައިނުދޭނެކަން، އެކަމަކު ޒަލަފްއާ ބެހޭ ހުރިހާ ކަމެއް އަހަންނަށް އެނގޭ. ބެހަމަތްއަކީ ޒަލަފްގެ ރަޙުމަތްތެރިއެއްކަން ވެސް އެނގޭ. އޭނާ ނުބުނޭތަ މިރެއަށް އަހަރުމެން އިންތިޒާރު ކުރާ ވާހަކައެއް… ބަލާބަލަ މި ތިބަ އެންމެން… ކުރިއަށް ދާ ވަރަކަށް އެތައް ބައެއް އަދިވެސް ފެންނާނެ… އެ ހުރިހާ އެންމެން އެ ތިބީ ރަޚަބްގެ ފިރިހެން ދަރިފުޅު ދުށުމަށް އައިސް، އެމީހުންނަށް އެ ކުއްޖާއަކީ މުޅިން އައު މީހެއް، އެ މީހުންގެ ކަންފަތްތަކަށް އިވެމުން ދިޔަ ވާހަކަތަކުގެ ތެދު ދޮގު އޮޅުން ފިލުވުމަށް މިރޭ އެ އެންމެން އެއްވެ އެތިބީ… މިރޭ ހުރިހާ ސިއްރެއް ފައުޅުވާނެ”
“ޒަލަފްގެ ޢާއިލާއަކީ ހަމައެކަނި އެ ޖިފުޓިގަނޑުގައި އުޅޭ މީހުންނެއްނޫން… ޒަލަފް… އަހަރެން… އަހަރެން މީ ބެހެމަތްގެ ބައްޕަ، އަހަންނަކީ މެލްފަސް، ރަޚަބްގެ އެންމެ ގާތްއެކުވެރިޔާގެ އިތުރުން އޭނާއަށް ހުރިހާ ކަމެއްގައި އެހީވާން އެންމެ އިސްކޮށް ހުންނަ މީހާ” މެލްފަސް އަމިއްލައަށް ކުރިއަށް ޖެހިލާ ރަޚަބް ހުރި ފަރާތް ނޫން އަނެއްފަރާތުން ޒަލަފްގެ ގާތުގައި މަޑުކޮށްލިއެވެ. އޭނާއަށް ރަޚަބް ބަލާލީ ހިނިތުންވެލައިގެން ހުރެއެވެ. އެ ދެ މީހުންނާއެކު ޒަލަފް ވެސް ކުރިއަށް ހިނގަން ފެށިއެވެ.
“އަހަންނަކަށް ތި ދައްކާ ވާހަކައެއް އަދިއެއް ނޭނގޭ. އަހަރެންގެ މަންމަގެ ނަން ކިޔައިފީމު، ކިހިނެއް އަހަރެންގެ މަންމަ އެނގެނީ، ކަލޭމެން ތީ މި ވައުގަނޑުގައި ދިރިއުޅޭ ބަޔަކީތަ؟ ބެހެމަތްގެ ފަރާތުން އަހަންނަށް ފާހަގަވީ އާދައިގެ އިންސާނެއްގެ ފަރާތުން ނުފެންނަ ފަދަ ކަންކަން… އެހެންވީރު މެލްފަސް ތީ އިންސާނެއް ނޫންތަ؟” އެއްފަހަރާ އެތައް ސުވާލަކަށް ޖަވާބު ހޯދަން ޒަލަފް ބޭނުންވިއެވެ. އޭނާ ރަޚަބްއަށް ބަލާލާފައި މެލްފަސްއަށް ބަލާލިއެވެ.
“އަހަރުމެންގެ ގެއަކީ މި ރަށް، ޒަލަފްގެ ގެއަކީ ވެސް މިއީނު” މެލްފަސް ހީނލާފައި ބުނެލިއެވެ.
“ޒަލަފް، މިތާކު ނޫން ހުރިހާ ވާހަކައެއް ދައްކާނީ، އިހަށް ހިނގާ އަހަރުމެންނާއެކު، ޒަލަފްއަށްޓަކައި ބޮޑު ޖާފަތެއް ތައްޔާރުކުރެވިފައިވޭ، އެ ޖާފަތުން އެތައް ބަޔަކު މިރޭ ކާނެ، އެ ހަފުލާގައި އަހަރުމެންނާއެކު ޒަލަފް ވެސް ބައިވެރިވަންވާނެ” ރަޙަބް ބުނެލިއެވެ.
“މިހާރު ވަރަށް ލަސްވެއްޖެ، އަހަރެން ގެއަށް ދާންޖެހޭނެ… މިހާ ދަންގަނޑިއަކު ބޮޑު ޖާފަތެއްގައި ބައިވެރިވާން ދާނީ ކިހިނެއް” ޒަލަފް ކަންބޮޑުވުން ފާޅުކުރިއެވެ. އެހެންނަމަވެސް ދެން ތިބި އެންމެންގެ މޫނުމަތިން ފެންނަނީ ހަމަޖެހުމާއި އުފާވެރިކަމެވެ.
“ޒަލަފްގެ ޢާއިލާއަކީ ހަމައެކަނި އެމީހުންނެއްނޫން، ޒަލަފްގެ ޢާއިލާގެ ދެންތިބި މެންބަރުންނާ މިރޭ ބައްދަލުވާނެ، އެ މީހުންނާ ބައްދަލުނުކޮށް ޒަލަފް ގެއަށް ދަނީތަ؟” ރަޚަބް ބުންޏެވެ.
“ޢާއިލާގައި ދެންތިބި މެންބަރުންނޭ… ކުރިއަކުން ތިކަމެއް އަހަންނަކަށް ނޭނގޭ…” ޒަލަފް ވިސްނަމުން ބުނެލިއެވެ. އޭނާގެ ވާހަކައަށް އިތުރަށް އެއްވެސް މީހަކު އެއްވެސް އެއްޗެއް ނުބުންޏެވެ.
ކުރިއަށް ހިނގަމުން ދިޔައިރު ޒަލަފްއަށް ވަދެގެން މިދެވެނީ ވައުގަނޑުގެ އެންމެ އެތެރެއަށް ކަމެއް ނޭނގެއެވެ. ފެންނަނީ މީހުން ވަށައިގެން އުޅޭތަނެވެ. އެކި އުމުރުފުރައިގެ މީހުންނެވެ. ބައެއް މީހުންގެ ހަމުގެ ކުލަ ތަފާތު ވެފައި ހަންގަނޑު ހުންނަ ގޮތް ވެސް ތަފާތުވެއެވެ. ހަމައެގޮތަށް ސިފަ ހުތުރު ބަޔަކާއި އަދަޔާ ޚިލާފަށް ގައިގާ އިސްތަށި ގިނަ ބަޔަކު ވެސް ޒަލަފްއަށް ފެނުނެވެ. ވަކި ހިސާބަކުން ދުން އަރާތަން ފެންނަން ފެށިއެވެ. އެއާއެކު ދެން ފެނުނީ ގައު އުނދުނުގައި ދަރުޖައްސައިގެން ބޮޑެތި ތާސްފާޑުގެ އެއްޗެހީގައި ކައްކަން ހޭބޯ ނާރާ އުޅޭ އަންހެނުން ތަކެކެވެ. އެ މީހުންގެ ތެރެއިން ބަޔަކު މީރު ވަސް ދުވާ މާމެލާމެލި ކެޔޮފަތަކަށް އަޅައިގެން ދިއްގާ ގަހުގެ ފަތްތަކުން ގޮށި ހަދާ އެއަށް އަޅަން ތިއްބެވެ.
“އެއޮށް އައީ… އެއޮށް އައީ…” ކަށިމައްޗާ ހަމައަށް އަރާ ލިބާސް ފާޑުގެ ހެދުމެއް ލައިގެން އިސްތަށިގަނޑު ބޯޅައެއްހެން ހާވާލައިގެން ހުރި ކަޅުކަޅު އަންހެންކުއްޖަކު ދުއްވައިގަންނަމުން ގޮވާލިއެވެ.
“ހިއްރާ… ހިއްރާ…. ރަޚަބް… ރަޚަބް…” މަދުގަހުގެ ކައިރިއަށް ގޮސް ހުއްޓުނު ނިކަން ރީތި އަންހެންކުއްޖަކު ގޮވާލިއެވެ. ކުރިން ފެނުނު އަންހެންކުއްޖާއާ މި އަންހެންކުއްޖާއާ މުޅިން ތަފާތެވެ. ލާފައި ހުރި ހެދުން ވެސް ތަފާތެވެ.
މުސްކުޅި އަންހެނަކާއި ފިރިހެނަކު އައި ނައިތަނެއް ނޭނގި ޒަލަފްއަށް ފެންނަންފެށީ އޭނާގެ ކުރިމަތިން ހިނގަމުން އަންނަތަނެވެ. ރަޚަބް އެ މީހުންނަށް ބަލާލަފައި ޒަލަފްގެ ކޮނޑުގައި ޖަހާލިއެވެ. ޔަޤީނުން ވެސް އެއީ ރަޚަބްއަށް ވަރަށް ޚާއްޞަ ބައެއްކަން އެނގެއެވެ. އެ މީހުން ފެނިފައި ހޯބޯލަވަމުން ދުވެދުވެފައި އުޅުނު މީހުންތަކާއި ކުޅެން އުޅުނު ކުޑަކުދީންތައް ވަގުތުން ހިމޭންވެއްޖެއެވެ. ހުރިހާ އެންމެން ކުރަން ތިބި ކަމެއް ހުއްޓާލާފައި އެ މުސްކުޅި ދެ މީހުންނާ ދިމާއަށް ބަލަން ފެށިއެވެ. އެ ދެ މީހުންގެ ފަހަތުން ރަޚަބް ހެދުން އަޅާފައި ހުރި ގޮތަށް ހެދުން އަޅާފައި ތިބި ބަޔަކު ވެސް އަންނަން ފެށިއެވެ.
“މިހިރީ ޒަލަފް…” ދެ މުސްކުޅިންގެ ތެރެއިން ފިރިހެން މީހާ ކުރިއަށް ޖެހި ރަޚަބްމެންގެ ކުރިމަތީ މަޑުކުރުމުން އޭނާ ބުނެލިއެވެ. އެއާއެކު އެ މީހާ ޒަލަފްގެ މޫނަށް ވަރަށް ރަނގަޅަށް ބަލާލިއެވެ. އަދި އައިސް އޭނާގެ ދަތްދޮޅީގައި ހިފާ އުފުލާލުމާއެކު ޒަލަފްގެ ދެ ލޮލަށް ބަލާލިއެވެ. އޭނާގެ ދަތްދޮޅިން އަތް ދޫކޮށްލުމާއެކު ޒަލަފްގެ ދެ އަތުގެ މުލަށްދަނޑީގައި ހިފިއެވެ. ހާސްކަމެއް ލިބިފައި ހުރި ޒަލަފްއަށް އަދިވެސް މިވަނީ ކިހިނެއްކަމެއް ނޭނގެއެވެ. މިހާ ގިނަ ބައެއްގެ ތެރެއިން ނުކުމެގެން ދިއުމަކީ ވެސް ފަސޭހަކަމެއް ނޫންކަން އޭނާއަށް އެނގެއެވެ.
“ދަރިފުޅާ…” މުސްކުޅިޔާ ގޮވާލުމާއެކު ޒަލަފްގެ މުލައްދަނޑީގައި ހިފައިގެން ހުރެ އޭނާއާ ކޮނޑާއި ކޮނޑު ޖައްސާ ސަލާންކުރިއެވެ. އަދި ޒަލަފްގެ މޫނުގައި ފިރުމާލުމާއެކު އެނބުރި އެންމެނަށް އަތްއުފުލާލިއެވެ. އެއާއެކު އެންމެންހެން އުފާފައުޅުކުރަން ފަށައިފިއެވެ.
ކަރުނުން ފުރުނު ރަޚަބްގެ ދެ ލޯ އޭނާ ފުހެލީ މޫނު އަނބުރާލަމުން ސިއްރުންނެވެ. އެހިނދު މެލްފަސް ހުރެފައި އޭނާގެ ކޮނޑުގައި އަތްޖައްސާ ބާރުކޮށްލިއެވެ. އަދި އަނެއްއަތުން ދަރިފުޅު ބެހެމަތް ގެނެސް ބޮލުގައި ފިރުމާލިއެވެ.
ގިނައިރެއް ނުވެ ފައްޗަށްކަށް އަޅާފައި ހުރި ކުނާތަކުގައި މީހުންތައް އިށީންނަން ފަށައިފިއެވެ. ރުނބާތައް އަރި ކުރުމުން ކަންވާރުތައް ފުރަމުން ދިޔައެވެ. އަދި އެތަކެތިން ތަށިތައްޓަށް އަޅަމުން ދިޔައެވެ. ސަފުގެ އެންމެ ކުރީގައި އިށީނދެ ތިބީ މުސްކުޅި ފިރިހެނާއާއި ރަޚަބްއެވެ. ޒަލަފް އިނީ އޭނާއާ ޖެހިގެންނެވެ. އެމީހުންގެ ކުރިމައްޗަށް އޮތް ސަފުގައި އިށީނދެ ތިބީ މެލްފަސްއާއި އެ ފަދަ ބޮޑެތި މީހުންތަކެކެވެ. ބަތުގައި ހަދާފައި ހުރި އެއްޗެއް ކާންހުރިއިރު ބުއިމަކަށް ހުރީ ތާޒާ ރުކުރަލެވެ. އެހާ ގިނަ މީހުން އެއްތަނަކުން ޒަލަފްއަށް ފެންނަމުން ދިޔައިރު އެކި މީހުން އެކި ސިފައިގައި ތިބުމުން އެކަމާ ސުވާލު އުފެދުނެވެ. އޭނާއަށް ކެވުނީ ވަރަށް މަދުންނެވެ. ރުކުރަލަކީ ދުވަހަކު ވެސް ރަހަބެލި އެއްޗެއް ނޫންވީމާ ތުންޖަހާލާފައި ތަށި ބެހެއްޓީ އެ ބޯން ނުކެރިގެންނެވެ. ޒަލަފްއަށް އެއީ ކަމުދާ އެއްޗަކަށް ނުވީއެވެ. އެއްފަހަރާ އެތައް ބަޔަކު ވާހަކަދައްކަމުން ދިޔައެވެ. ހަމައެއާއެކު ގިނަ ބައެއްގެ ނަޒަރުތައް ޒަލަފްއަށް ހުއްޓެމުން ދިޔައެވެ. އެމީހުންގެ ތެރޭގައި ބީރައްޓެހިވެފައި ޒަލަފް އިންދާ ކެއުމުގެ ކަންތައްތައް ނިމިއްޖެއެވެ. ކުނާ މަތިން މީހުންތައް ތެދުވުމާއެކު އަންހެންކުދިންތަކެއް އައިސް ދިއްގާފަތުގެ ގޮށިތައް މީހުންނަށް ދޭން ފެށިއެވެ. ޒަލަފްގެ ކުރިމައްޗަށް އައިސް ހުއްޓުނީ ބެހެމަތްއެވެ. އޭނާގެ އަތުގައި އޮތް ދިއްގާފަތުގެ ގޮށީގައި ހުރި މާތަކުން މީރުވަސް ދުވަމުން ދިޔައެވެ. އެ ގޮށި ބެހެމަތް ލަދުވެތި ގޮތަކަށް ދިއްކޮށްލީ ޒަލަފްއަށެވެ.
“މީ ކޮންކަމެއް؟ އަހަރެން ގެއަށް ދާން ބޭނުން…” ސިއްރުން ޒަލަފް ބުނެލިއެވެ. އެ މަންޒަރު ބަލަން މެލްފަސްއާއި ރަޚަބް ދުރުގައި ތުއްބެވެ.
“އަހަންނަށް ފެންނަނީ ޒަލަފް ގޮވައިގެން މީހުންގަނޑުގެ ތެރެއިން އެއްފަރާތްވެލަން، އޭނާއަށް މިވަނީ ކިހިނެއްކަން އިހަށް ބުނެދިނުން މާ މުހިންމު” މެލްފަސް ބުނެލިއެވެ.
“ހިތަށް އަރަނީ އަހަރެންގެ ވާހަކަތައް ޒަލަފް ޤަބޫލުކުރާނެބާއޭ” ޔަޤީން ނުވެފައި ހުރި ރަޚަބް ބުނެލިއެވެ.
“ކީއްވެ ޤަބޫލު ނުކުރަންވީ، އޭނާ އަކީ މިހާރު އަހަރުމެންގެ ކުއްޖެއް… އިންސާނުންގެ ތެރޭގައި އޭނާއަށް އުޅެން އުނދަގޫވާނެ” މެލްފަސް ބުނެލިއެވެ.
“އެކަމަކު މިހާ ދުވަހު އޭނާ އެ އުޅުނީ އަރީޝާގެ ގާތުގައި” ރަޚަބް ބުންޏެވެ.
“ކުރިން ވެސް ރަޚަބް އެދުނީމެއްނު، އަރީޝާ ޤަބޫލުނުވީއެއްނު… މިހާރު ވެސް އޭނާ އެ އުޅެނީ އޭނާގެ އަމިއްލަ އެދުމައިގެން. އޭނާގެ ގާތުގައި އެއްކުއްޖަކު އެބަހުއްޓެއްނު” މެލްފަސް ވާހަކަދެއްކީ ރަޚަބްގެ މާޒީ އެނގި ހުރެއެވެ.
“ދަރިފުޅާ، ރަޚަބް… މަންމެންނާ އެ ކުއްޖާ ބައްދަލުކޮށްދޭނީ ކޮންއިރަކުންތަ؟” މުސްކުޅި އަންހެން މީހާ އައިސް ރަޚަބްގެ ގާތުގައި ހުއްޓިލަމުން ބުނެލިއެވެ.
“އިހަށް ޒަލަފްއަށް ހުރިހާ ވާހަކައެއް ކިޔައިދޭން އެބަޖެހޭ، އެއަށްފަހު އޭނާ ގޮވައިގެން އަންނާނަން ޢާއިލާގެ ހުރިހާ މެންބަރުންނާ ބައްދަލުކުރަން” ރަޚަބް މިހެން ބުނެ މުސްކުޅި މަންމަ ގޮވައިގެން ޢާއިލާގެ ދެންތިބި އަންހެނުންތައް ކައިރިއަށް އައެވެ. އަދި އެމީހުންނާ މަންމަ ހަވާލުކޮށްފައި ޒަލަފްގެ ގާތަށް އައެވެ.
“މި މީހުންގަނޑުގެ ތެރޭގައި ވާނުވާ ނޭނގިފައި ދޯ ތިހުރީ، ހިނގާ އަހަންނާއެކު… ހުރިހާ ކަމެއް އޭރުން އެނގިދާނެ” ރަޚަބް ބުނެލިއެވެ.
“ކޮންތާކަށް…” ކަންބޮޑުވެފައި ހުރިހެން ޒަލަފް ބުނެލިއެވެ. އަދި ވަށައިގެން ހޯދަން ފެށިއެވެ.
“ކޮންމެ ތާކަށް ދިޔަ ނަމަވެސް ޒަލަފްއަށް ގެއަށް ދާން އެނގޭނެ، ތީ އާދައިގެ ކުއްޖެއްނޫނޭ… ހިނގާބަލަ” ޒަލަފްގެ ކޮނޑުގައި ރަޚަބް އަތްޖައްސާލިއެވެ.
ވިދުވަރެއްހެން ޒަލަފް ގޮވައިގެން ރަޚަބް އައިސް ހުއްޓިލީ ރަށުގެ އަތިރިމަތީގައެވެ. އެއީ ކޮން ހިސާބެއްކަމެއް ޒަލަފްއަކަށް ނޭނގެއެވެ. ޔަޤީނުން ވެސް އެއީ ޔަލާއާ ބައްދަލުކުރި ދިމާއެއް ނޫނެވެ. ގަސްތަކުގެތެރެއިން ބުރިކޮށްލާފައި އޮތް ރުއްގަނޑެއް އެއްއަތުން ހިފަހައްޓާލައިގެން އައިސް އަތިރިމަތީ ދޮންވެލިގަނޑުގައި ބާއްވައިފިއެވެ. އަދި އެތަނުގައި އިށީނުމަށް ޒަލަފްއަށް އިޝާރާތްކޮށްލިއެވެ.
“މިދިމާ މޫދު ރީތިކަމުން ރަށު ގުރޫޕުތައް މިތަނަށް މޫދަށް އެރެން ވަރަށް އަންނާނެ، އަރީޝާއާ ދިމާވީ ވެސް އޭނާ މޫދަށް އެރެން އައިސް އުޅުނު ދުވަހެއްގައި، އެހެން އަންހެންކުދިންނާ ތަފާތު މަޑުމައިތިރި ކަމަކާ، އަޖައިބުވާ ފަދަ ރީތިކަމެއް އަރީޝާއަށް ލިބިފައިވޭ… އަހަންނަށް އަރީޝާ ކަމުދިޔައީ އެހެންވެ… އެއްމަސް ދުވަހު އަހަރެން އަރީޝާގެ ފަހަތުން އުޅުމަށްފަހު އޭނާއަށް ބައްދަލުކުރީ، އޭނާގެ މިޒާޖުގެ ސަބަބުން އަހަންނަށް ވަކިން ބޮޑަށް އޭނާ ކަމުދިޔަ… އަހަރުމެން ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ތިންމަސް ފަހުން އަރީޝާ ބަލިވެއިނީ… އަހަރެން ޤަބޫލުކުރާ ގޮތުގައި އަރީޝާއަކީ އަހަރެންގެ އަނތްބެއް… އެކަމަކު އެކަން އެއްވެސް މީހަކަށް ނޭނގޭނެ، އަރީޝާގެ ޢާއިލާއަކަށް ވެސް އަދި އަހަރެންގެ ޢާއިލާއަށް ވެސް… އަރީޝާގެ ބަނޑު ބޮޑުވާން ފެށުމުން އަހަރެން ދުރުދުރުން މާބަނޑުވުމާ ބެހޭ ކަންކަން އަހަރުމެންގެ ތެރެއިން އޮޅުން ފިލުވީ، އަހަރެން އަރީޝާއަށް ބޭސްކުރަން ފެށިން، އަހަރެންގެ ބާރުގައި ބަނޑުގައިވާ ދަރިން ބޭތިއްބުމަށް މަސައްކަތްކުރިން، ބަނޑަށް ހަމަހުގައި އެނގުނީ އަރީޝާގެ ބަނޑުގައިވަނީ ދެ ކުދިންކަން، އެތަނުން އެއްކުޖަކީ އަހަރެން ފަދަ ކުއްޖެއްކަން، އަދި އަނެއްކުއްޖާވީ އަރީޝާމެންގެ ނަސްލުގެ ކުއްޖަކަށް… އަރީޝާއާއި އަހަރެންގެ ބައްދަލުވުން ފަޅާއެރީ އަރީޝާގެ ކައިވެނި ކުރަން އޭނާގެ މައިންބަފައިން ނިންމި ހިސާބުން، ހުރިހާ ވެސް މައްސަލައަކީ އަހަންނަކީ އިންސިއަކަށް ނުވިކަން… އަރީޝާ ވެސް ބޭނުންވަނީ އިންސާނަކާ ގުޅިގެން އުޅެން… އެހިސާބުން އަހަރެންގެ ދަރީން އަތުލަން އަހަރެން ނިންމީ، އެކަމަކު އޭރު އަރީޝާ ބަލިވެ އިންކަން އޭނާގެ މައިންބަފައިންނަށް ވެސް އެނގިއްޖެ… އަހަންނާއި އަރީޝާއާ ދެމެދު ހަނގުރާމަ ފެށުނީ އެހެންވެ، ފުރަތަމަ ހަމަލާ ދިނީ އެމީހުން، އެހިސާބުން އަހަރެންގެ ޢާއިލާއަށް ވެސް ހުރިހާ ކަމެއް އެނގިއްޖެ… ލޯބި ލޯބި ދެ ކުދީން އަރީޝާ އުފަންކުރި، އޭނާއަށް އެނގޭ އެތަނުން އެއްކުއްޖަކީ އިންސާނެއް ނޫންކަން ވެސް، އެހެންވިޔަސް އޭނާ ދުލެއް ނުކުރި، އަރީޝާއަށާއި ކުދިންނަށް ދެރަގޮތެއް ވާން އަހަންނެއް ބޭނުމެއްނޫން، އެހެންވެ ދޫކޮށްލާފައި ދިޔައީ، އެކަމަކު އަރީޝާ ގާތު ބުނިން، ކޮންމެވެސް ދުވަހަކުން އަހަރުމެން ކަހަލަ ދަރިފުޅު އޭނާގެ އަތުން އަތުލާނަންކަން… އަހަރެން ވެސް އަހަރެންގެ ދަރިފުޅު ބޭނުން… އޭނާއަކީ އެ މީހުން ފަދަ އިންސާނެއްނޫން… އެކަމަކު އެ މީހުން އޭނާއަށް އޮޅުވާލީ… އެހެންވެ އެ ދަރިފުޅު ހީކުރަނީ އޭނާއަކީ އިންސާނެއްކަމުގައި…” ރަޚަބްގެ ވާހަކަތައް އަޑުއަހަން އިން ޒަލަފްއަށް ހުރިހާ ކަމެއް ފަހުމްވެއްޖެއެވެ. ރަޚަބް ބުނަން އެ އުޅެނީ ކީކޭކަމެވެ. އެ ވާހަކަތަކުން ޒަލަފްގެ ނިތްކުރިން ދާހިތްލާލައިފިއެވެ. ދެ ބުމަ ކައިރިކޮށްލައިގެން އިނީ ރުޅިއަކުން ނޫނެވެ. އެއަށްވުރެ އޭނާ އިނީ ހާސްވެފައެވެ. ދެން ވާނެ ގޮތަކާއި މެދު އޭނާ ވިސްނާ ކަހަލައެވެ.
“އެހެންވީރު ތީ… ތީ… އަހަންނާއި ޒާލިފުގެ ބައްޕަތަ؟ ދެން… އަބްދުއްރަޢޫފު އެއީ ކާކު… އަހަރުމެން ދެބެންގެ ތެރެއިން އިންސާނަކީ އެންމެ މީހެއްތަ؟ އެއީ… އެއީ ކާކު؟…” ޒަލަފްގެ އަރުތެރެ ވެސް ހިކިފައިވާ ކަހަލައެވެ. ޤަބޫލުކުރަން ދަތި ވިޔަސް ރަޚަބްގެ މޫނުމަތިން އޭނާ ދޮގު ނުހަދާކަން ޒަލަފްއަށް ޔަޤީންވެއެވެ. ރަޚަބްއާ ނަޒަރު ވަކިކޮށްލުމާއެކު ޒަލަފް ތެދުވިއެވެ.
ނިތްކުރިން ހިއްލާލާފައި ހުރި ދާތިކިތައް ޒަލަފްގެ ކަނާތުން ފުހެލުމާއެކު ބޮލުގެ އިސްތަށިގަނޑާއެކު އަތް ހާކާލިއެވެ. އަދި ދެއަތުގެ އިނގިލިތައް މަހާލުމާއެކު ކަނދުރާގައި އަތްއަޅުވާލައިގެން މޫދާ ދިމާއަށް އޭނާ ބަލަން ހުރީ ފިކުރު ބޮޑުވެފައި ހުރި މީހަކު ފަދައިންނެވެ. އެހެން ހުއްޓާ ފަހަތުން ރަޚަބް އައިސް ޒަލަފްގެ ކޮނޑުގައި މަޑުމަޑުން އަތް ބާއްވާލިއެވެ.
“ތި ދެބެންނަކީ ވެސް އަހަރެންގެ ދަރިން، އެކަމަކު ޒާލިފަކީ ފުރިހަމަ އިންސާނެއް، އަހަރެން ބޭނުންވިޔަސް އެ ދަރިފުޅު އަހަރެންގެ ގާތަކަށް ނުގެނެވޭނެ، އަހަރުމެންގެ މީހުން ޤަބޫލެއްނުވާނެ، އެއީ އަހަރުމެންގެ އާދަކާދައާ މުޅިން ޚިލާފުކަމެއް… އުސޫލުތަކާއި ޚިލާފުވާނަމަ އަދަބު ލިބޭނެ… ޒަލަފްއާ ބައްދަލު ކުރަން މި ބައްޕަ ވަރަށް ދިގު އިންތިޒާރެއް ކޮށްފިން، އަނެއްކޮޅުން އަރީޝާއަށް ވިސްނައިދޭން އަހަރެން ވަރަށް މަސައްކަތްކުރިން، އެކަމަކު އޭނާއަކަށް ދުވަހަކު ވެސް ނުވިސްނޭނެ… ދަރިންނަށް ބޭނުންވަނީ ހަމައެކަނި މަންމައެއް އެކަންޏެއްނޫން، އަހަރެން ވެސް މިހިރީ އަހަރެންގެ ދަރިން ދުށުމަށް އެދިއެދި، އެ ދަރިފުޅާއެކު ދުވަސްތައް ވޭތުކުރަން ބޭނުންވެފައި… ދަރިފުޅާ ޒަލަފް، ބައްޕައާއެކު އުޅެން ދަރިފުޅު އަންނަންވީނު” ރަޚަބްގެ އެންމެ ފަހު ޖުމްލައިން ޒަލަފް އޭނާއަށް ބަލާލިއެވެ. ތިރީތުންފަތުގައި ދަތްޖައްސާލައި ދެ ބުމަ ކައިރިކޮށްލަމުން ރަޚަބްއާ ދުރަށް ޒަލަފް ފިޔަވަޅެއް އަޅާލިއެވެ.
“އޭރުން މަންމަޔޯ… ތީ ބައްޕައޭ ބުންޏަސް އަހަރެން ބޮޑުވީ އެހެންމީހަކަށް ބައްޕަ ކިޔައިގެން، ކުއްލިއަކަށް އެ ހުރިހާ ކަމަކީ ހަޤީޤަތެއް ނޫނޭ ތިބުނަނީ، ފެނުނު ނުބައި ހުވަފެނަކަށް އެ ދިރިއުޅުން ނުހެދޭނެ… އަހަންނަކީ އިންސާނެއް… އަހަރެން އުޅެނީ އިންސާނުންގެ ތެރޭގައި… އަހަރެން ބޭނުމީ ވެސް އިންސާނެއްގެ ގޮތުގައި ދިރިއުޅެން…” ހިތަށް ބިރުވެރިކަމެއް ވަދެގެން ދިޔަ ޒަލަފްއަށް އަވަސްއަވަހަށް ބުނެލެވުނެވެ.
“މި ހުރިހާ ކަމަކީ އެއްފަހަރާ ޤަބޫލުކުރަން ފަސޭހަ ކަންކަމެއްނޫން، އިންސާނުންގެ ތެރޭގައި ދަރިފުޅު ބޮޑުވީތީ ދަރިފުޅަށް ދަސްވެފައި ހުރީ އިންސާނުން އުޅޭހެން އުޅެން، އެކަމަކު ދަރިފުޅަކީ އަހަރެންގެ ލޭ ހިނގާ އަހަރުމެން ފަދަ މަޙުލޫގެއް، އަހަރުމެންނަކީ ޚިޔާރުކުރާ ތަނެއްގައި ވަޒަންވެރިވެގެން އުޅޭ ބައެއް، އަހަރުމެން މި ރަށުން ބޭރަކަށް ނުދަން… މީ އަހަރުމެންގެ ގެދޮރު، މި ރަށުގައި އަހަރުމެން ބޭނުން ތަނަކަށް ވިދުވަރެއްހާ ހަލުވިކޮށް ދެވޭނެ، އަދި ރަށުތެރޭގައި އަހަރުމެންނަށް ނޭނގި އެއްވެސް ކަމެއް ނުހިނގާނެ… ދުރުން އިވޭ އަޑުތައް ވެސް އަހަރުމެންނަށް ސާފުކޮށް އިވޭނެ، ބޮޑެތި ގަސް މުލުން އުފުރާލުމަކީ އަހަރުމެންނަށް އެއްވެސް ކަމެއްނޫން، އަހަރުމެންނަކީ ބާރުގަދަ ބައެއް… ގަސްގަހުން ފުންމާ އުޅުމަކީ އަހަރުމެންނަށް އުނދަގޫކަމެއްނޫން، އަހަރުމެންނަކީ ބަލިބަލި ޖެހޭބައެއްނޫން… އަހަރުމެންގެ ޢާއިލާގެ ރަމްޒެއް ލޮލުގައިވާ ރަތްކުލައަކީ… ޒަލަފްއަކީ މިހާރު އިންސާނެއްނޫން… ކުރިން އަހަރުމެންގެ އެއްވެސް މީހަކު ޒަލަފްއަށް ނުފެނުނީ ޒަލަފް އަހަރުމެން ދުށުމަށް ނޭދޭތީ… އިންސާނުންގެ ތެރޭގައި އުޅެއުޅެ ޒަލަފްގެ ބާރުތަކުގެ ބޭނުން ހިފާނޭ ގޮތް އެއްގޮތަކަށް ވެސް ނޭނގެނީ، ޒަލަފްގެ ނަފްސު ހޭލައްވާލަން އަހަންނަށް މަޖުބޫރުވީ އެހެންވެ، ތި ނިތުގައި އަހަރެން އިނގިލިޖެއްސީ އެހެންވެ… ޒަލަފްގެ ހަޤީޤީ ނަފްސު އޮތީ ނިދާފައި…”
“މިހާރު އަހަރެން ކަލޭމެންގެ ތެރެއަށް އައިސްގެން ވަކި ކުރާނީ ކީއް، އެއަށްވުރެ އަހަރެންގެ މީހުންނާއެކު އުޅުމަށް ދޫކޮށްލަންވީނު” ރަޚަބްގެ ވާހަކަތަކާ މެދު ވިސްނަމުން ޒަލަފް ބުނެލިއެވެ. ކުއްލިއަކަށް އޭނާއަކީ އިންސާނެއް ނޫނޭ ބުނުމުން އެކަން އެއްގޮތަކަށް ވެސް ޒަލަފްއަށް ޤަބޫލުކުރަން ފަސޭހައެއްނުވިއެވެ.
“އަހަރެން ޒަލަފްއަށް މަޖުބޫރުކުރާކަށް ބޭނުމެއްނޫން، އެކަމަކު މި ބައްޕައަށް ހަމަ އެއްވެސް ފުރުޞަތެއް ނެތްތައް؟ ދަރިފުޅާ! އަބްދުއްރަޢޫފު ހުރިހާ ކަމެއް އެ ބަލަހައްޓަނީ ފަންޑިތައިގެ ބާރުން… ދަރިފުޅަށް މި ހަޤީޤަތް މިހާ ދުވަހު ސިއްރުކުރަމުން އައީ ފަންޑިތައިގެ ބާރުން… އެކަމަކު އޭނާ ވެސް އެހީ ހޯދަނީ ނުފެންނަ މަޙުލޫގެއްގެ ކައިރިން، އަހަރުމެން ޒަލަފްއަށް މި ހަޤީޤަތް ކިޔައިދިނުމަށް ވަރަށް މަސައްކަތްކުރިން، އެކަމަކު އަބްދުއްރަޢޫފު ކޮށްފައި ހުންނަ ކަންތައްތަކުން އަލުން ހަނގުރާމައެއް ފެށިދާނޭތީ އަހަރުމެން ވެސް ބޮޑުކަމެއް ނުކުރަނީ. ބެހެމަތްގެ ހިތްވަރުން ދަރިފުޅު މިއަދު ތިހިރީ ސަލާމަތްވެފައި… ބައްޕައާ ބައްދަލުވާނެ ފުރުޞަތު ލިބިފައި… ޒަލަފް… މިހާރު އެއްވެސް ކަމެއް ޒަލަފްއަށް އޮޅިފައެއް ނޯންނާނެ، އެނބުރި ދިރުއުމުގެ ކުރިން ބައްޕަގެ ޢާއިލާއާ ދަރިފުޅު ބައްދަލުކޮށްލާފައި ދާން ވަރަށް އެދެން، އޭރު ދަރިފުޅަށް ފެނުނު މުސްކުޅި ދެ މީހުންނަކީ، ދަރިފުޅުގެ ކާފައާއި މާމަ… ދަރިފުޅުގެ ބޮޑުބޭބެއާއި ބޮޑުދައިތައިން ތިބޭނެ… އަދި ކޮއްކޮމެން ވެސް… އަރީޝާއަށް ފަހު އަހަރެން ދުވަހަކު ވެސް އިންސާނަކާ ގާތް ނުވާނަންކަމަށް ވަޢުދުވިން، އެތައް އަހަރެއް ވަންދެން އަހަރެން ހުރީ ބަންދުކޮށްފައި، އެ މީހުން ދެން އެދުނީ އެމީހުންގެ ތެރެއިން އަންހެނަކާ ކައިވެނިކޮށް ދިރިއުޅުމެއް ފަށަން… އަހަރުމެންނަކީ އާދައިގެ ބައެއްނޫން… އަހަރުމެންނަކީ ބޮޑުން… ޝާހީ ދަރިފަސްކޮޅެއް… މީހުންގެ އިޙުތިރާމާއި ލޯބި ލިބިފައިވާ ބައެއް… ދަރިފުޅާ ޒަލަފް! ހިނގާ ބައްޕައާއެކު… ޢާއިލާއާ ބައްދަލުކޮށްލާފައި ދާން” ރަޚަބް އައިސް ޒަލަފްގެ މުލައްދަނޑީގައި ހިފާލިއެވެ. އޭނާއަށް ޒަލަފް ބަލާލިއިރު އެ ދެލޮލުން ކަރުނަ ނިރާލާފައިވާތަން ފެނި ބަޔާންކުރަން ދަތި އަސަރެއް ޒަލަފްގެ ހިތަށް ކުރެވިގެން ދިޔައެވެ. މަޑުމަޑުން ބޯޖަހާލުމާއެކު ޒަލަފް ގޮވައިގެން ރަޚަބް އެނބުރި އެ މީހުން އުޅޭ ހިސާބަށް އަތުވެއްޖެއެވެ.
މީހުންގަނޑުގެ ތެރެއިން ރަޚަބްއާއި ޒަލަފް ފާޅުވުމާއެކު އެންމެންގެ ލޯތައް އެ ދެބަފައިންނަށް އަމާޒުވެގެން ދިޔައެވެ. ހިނިތުންވެލައިގެން ތިބިއިރު ޒުވާން އަންހެންކުދިން ސިއްރު ވާހަކަދައްކާ ރަކިހިނި ހޭން ތިއްބެވެ. ސިފަ ތަފާތު ވިޔަސް އެންމެން ވެސް ފެންނަނީ އެކުވެރި މާހައުލެއްގައި އުޅޭ ތަނެވެ. އެކަކު އަނެކަކަށް ފާޑުކިޔުމެއް ނެތެވެ. ރީތި ހުތުރު ވަކި ކުރުމެއް ނުވެއެވެ. ހަރުކޮށް ހިނގާލާފައި އައި ރަޚަބް މަދުގަހުގެ އެއްފަރާތުން ޒަލަފް ގޮވައިގެން ބިއްދޮށަށް ވަންއިރު ނިކަން ރީތިކޮށް ހާދަފައި ހުރި ބޮޑު ގެއެއް ޒަލަފްއަށް ފެނުނެވެ. ވަގުތުން އަޖައިބުވެ އަންތަރީސްވެ ތަލިން ކުޅުހިކިއްޖެއެވެ. އެ ހުރިހާ އިރު އެ ބޮޑުގެ އޭނާއަށް ނުފެނުނީ ކީއްވެބާއޭ ހިތަށް އެރިއެވެ. އެ ސުވާލު ރަޚަބްއާ ކުރަން ވެސް ހިތަށް އެރިއެވެ. އެހެންނަމަވެސް ހައިރާންވި ވަރުން އެ ގެއަށް ބެލުން ނޫންކަމެއް ނުވިއެވެ.
ވަރުގަދަ ބޮޑުލަކުޑި ދޮރާ ރަޚަބް އަރާ ހަމަވާންވާއިރަށް ދެ ފަރާތުގައި ތިބި ދެ ދޮރުވާނުން އެ މީހުންގެ ގައިގާ ހުރި ބާރެއްލާފައި ދެ ކޮޅަށް ވާގޮތަށް އެ ދޮރު ހުޅުވާލިއެވެ. އެމީހުން ވެސް ރަޚަބްގެ އިތުރުން ޒަލަފްއަށް ކުރުނީސް ކުރިއެވެ. ގެއެއްގެ ތެރޭގައި ހެދޭ ވަރަށް ވުރެ ބޮޑެތި ބިޔަ ގަސް އެ ގޭގެ ތެރޭގައި ހެދިފައި ހުރި ތަން ޒަލަފް ދުށްޓެވެ. ހުރިހާ ކަމެއް ވެސް އަޖައިބުވާހާ ވެއެވެ. ދޮރުތައް ބޮޑެއްޗެވެ. ކުޑަދޮރު ތަކުގައި ބިއްލޫރި ޖެހުމެއްނެތެވެ. ކަނޑާފައި ހުންނަ ކުޑަދޮރުތައް ބޮޑުވެފައި ނިވާކުރާނޭ ގޮތެއް ބޭރުން ބަލާއިރު ފެންނާކަށް ނެތެވެ. ދޮންވެލިލާފައި އޮތް ގޯތިތެރޭގައި ފޮޅިލާފައި ހުރި މާތަކުން މުޅި ފަޒާގައި ހުވަނދުލާފައި ވެއެވެ.
“ދަރިފުޅާ ޒަލަފް! އެތެރެއަށް ވަދޭ” ގޭތެރެއަށް ވަންނަން ހުރި އޮޅި ރަޚަބް ގިރާ ކުރުމަށްފަހު އަޖައިބުގެން ވަށައިގެން ބަލަމުން ދިޔަ ޒަލަފްއަށް ބުނެލިއެވެ. އެއާއެކު އަވަސްއަވަހަށް ކުރިމައްޗަށް ނަޒަރު ހުއްޓާލާފައި ޒަލަފް ވެސް އޮޅި ގިރާކޮށް އެތެރެއަށް ވަދެއްޖެއެވެ.
“ތިއައީތަ؟ ނިދަން ނުގޮސް މި ތިބެނީ އަންނާނެ އިރެއްގެ އިންތިޒާރުގައި…އަދިވެސް ބޭރުގައި އެއްވެފައި ތިބި މީހުން މަދުވާގޮތެއް ނުވޭ ދޯ” އަށިމަތީގައި އިން މުސްކުޅި އަންހެނާ ބުނެލިއެވެ. އޭނާގެ ގާތުގައި ޒަލަފްގެ މަންމަ އުމުރުގެ އަންހެނަކު އިނެވެ. އާދަޔާ ޚިލާފު ރީތިކަމެއް އެ އަންހެނާއަށް ލިބިފައިވެއެވެ. ވައަތްފަރާތުން ކުރިމައްޗަށް ވާގޮތަށް ނިއުޅާލާފައި އޮތް އިސްތަށިގަނޑު ގެނެސް ވައްޓާލައިގެން އިންއިރު އޭނާގެ އުނގުގައި އޮފުއަރާ ކަޅުފަށުވީގެ މޮޅު ސާލެއް އަޅާލާފައި އޮތް ކަހަލައެވެ. ލައިގެން އިން ދިގު ހެދުމުގެ ސަބަބުން ދެފައިތިލައެއް އެ ދެ މީހުންގެ ވެސް ނުފެނެއެވެ. ރަޚަބް ފެނުމާއެކު މައުނަވީ ހިނިތުންވުމެއް އެ އަންހެން މީހާގެ ތުންފަތަށް ވެރިވެގެން ދިޔައެވެ. އަދި އަވަސް އަވަހަށް އަށިމަތިން ތެދުވެ މުސްކުޅި އަންހެނާގެ އެއްފަރާތުގައި މަޑުކޮށްލި ގޮތުން ހީވީ ރަޚަބްއަށް ތަންދެއްކިއެވެ.
“ހިއްރާ… އަހަރެން އެ ދުވަހު ވެސް ބުނީމެއްނު އަހަރެންގެ މި ދަރިފުޅުގެ ވާހަކަ… ބަލާބަލަ، އަހަންނާ ވައްތަރެއްނޫންތަ؟ ޒަލަފް، މިއީ އަހަރެންގެ އަންހެނުން، ދެން މީނީ ދަރިފުޅުގެ މާމަ” ރަޚަބް އެއްއަތުން ޒަލަފްގެ ކޮނޑުގައި ހިފައި ގެނެސް ގާތްކޮށްލައިގެން ހުރެ ވާހަކަދެއްކިއެވެ.
ގިނައިރެއް ނުވެ ޢާއިލާގެ މެންބަރުން ޖަމާވާން ފަށައިފިއެވެ. ބޮޑުބޭބެއިންނާއި ބޮޑުދައިތައިންނެވެ. އެމީހުންގެ ދަރިންނެވެ. އޭގެ އިތުރުން ރަޚަބްއާއި ހިއްރާއަށް ލިބުނު ދެ ކުދިންނެވެ. އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. ޒަލަފްއަށް އެ މީހުން ބަލައިގަތުން ފަސޭހަ ކަމަކަށް ނުވިޔަސް އެ މީހުން ތިބީ ޒަލަފްއަކީ އެ މީހުންގެ މީހެއްގެ ގޮތުގައި ބަލައިގަނެގެންނެވެ. ބައެއް ޅަކުދިން އައިސް ޒަލަފްގެ ގައިގާ އަތްލާ ހަދައެވެ. އެމީހުންގެ ތެރެއަށް މިއައި އައު ޒުވާނާއަކީ އެ މީހުންގެ މީހެއްތޯ އެ ކުދިން ޔަޤީން ކުރަން ބޭނުންވަނީ ކަންނޭނގެއެވެ. ނޫނީ ކަންބަލަން ހިތް ބޭނުންވެފައި ތިބިލެއް ބޮޑުކަމުން ތޯއްޗެކެވެ. ކުޑަކުޑަކުދިން އުޅޭގޮތް ފެނިފައި ޒަލަފްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ނަމަވެސް އޭނާ ހަރަކާތެއް ކޮށްލާއިރަށް ގާތުގައި އުޅޭ ޅަކުދިންތައް ދުވެ ފިލައެވެ. ނޫނީ ލޯމަތިން ވަންހަނާވެއެވެ. އެކުދިންނާ ކުޅެން ޒަލަފް އިން ވަގުތު ގޭގައި އުޅޭ ބޮޑެތި މީހުން ރަޚަބްއާ ސުވާލުކުރަން ފެށިއެވެ. ޒަލަފްގެ ނިންމުން އެނގެން އެ މީހުން ވެސް ތިބީ ބޭނުންވެފައެވެ. ރަޚަބް ވާހަކަދެއްކުމުން އެ މީހުންގެ މޫނުމަތިން ފައުޅުވެގެން ދިޔައީ ތަފާތު ކުލަވަރުތަކެވެ. އެއްބަޔަކު މާޔޫސްވެފައި ތިބިއިރު އަނެއްބަޔަކު ނުރުހުން ފާޅުކުރިއެވެ.
“ޒަލަފް އަންނާނެ އިރަކަށް ރަޚަބް ވަރަށް އިންތިޒާރުކުރި، އޭނާގެ ދަރިފުޅުގެ މަތިން އަބަދުވެސް ހަނދާންކުރޭ… ޒަލަފްއަށް އެއީ ޒަލަފްގެ ބައްޕަކަން ޤަބޫލުނުކުރެވެނީތަ؟ އޭނާ ޒަލަފްއަށްޓަކައި ދިގު ހަނގުރާމައެއްކުރި، އަދިވެސް އޭނާގެ އަރިކަށީގައި އަރީޝާ ދިން އަނިޔާގެ ލަކުނު ނުފިލާ ހުންނާނެ، އެކަހަލަ ކިތަންމެ އަނިޔާއަކަށް އޭނާ ކެތްކުރި، އަހަންނަކީ ޒަލަފްއާ އެއްވެސް ގުޅުމެއް ހުރި މީހެއްނޫން، އެކަމަކު ޒަލަފްގެ ގާތުން އަހަރެން އާދޭސްކުރަން، ރަޚަބްއަށް އެތައް އަހަރަކަށްފަހު ލިބުނު އުފާވެރިކަމަކީ ތީ… ޒަލަފް އަހަރުމެން ދޫކޮށް ނުދޭ… އިންސާނުންނާއެކު ސައުވީސް އަހަރު ވޭތުކޮށްފީމު، ރަޚަބްއަށް ވެސް ޒަލަފްގެ ހަޔާތުން ސައުވީސް އަހަރު ދީ… ރަޚަބްއަކީ ޒަލަފްގެ ބައްޕަ… ތި ހަށިގަނޑު ކޮންމެ ގޮތަކަށް ހުރި ނަމަވެސް ރަޚަބްއާ ޒަލަފްއާ ތަފާތެއް” ގޯތިތެރޭގައި ހުރި ދިގުގޮނޑިއެއްގައި ޒަލަފް އައިސް އިށީނުމުން އޭނާގެ ފަހަތުން އައިސް ހިއްރާ އިށީނދެ ވާހަކަދެއްކިއެވެ.
“އަހަރެން މި ހުރިހާ ކަމަކާ ވިސްނަން ވަގުތު ބޭނުންވޭ… އަހަރެންގެ އިޚްތިޔާރުގައި ސުއުވީސް އަހަރު މަންމައާއެކު ވޭތުކުރީކީ ނޫން، މި ހުރިހާ ކަމެއް އަހަރެންގެ މަންމަގެ ފަރާތުން ވެސް އެނގެން ބޭނުން… އެއަށްފަހު އަހަންނަށް ގޮތެއް ނިންމަން އެނގޭނީ… މި ފެންނަނީ މުޅިން އައު ކަންތައްތައް… މި ސައުވީސް އަހަރުތެރޭ އަހަރެން ބައްޕަ ކީ މީހާއަކީ ބައްޕަ ނޫންކަން ކުއްލިއަކަށް ޤަބޫލުކުރަން އުނދަގޫވާނެ، އެކަމަކު އަހަރެން މި ބުނަނީ ރަޚަބް އަހަރެންގެ ބައްޕައަށް ނުވާނެއެކޭ ވެސް ނޫން… މިރޭ މިހާރު ވަރަށް ދަންވައްޖެ… އިހަށް ގެއަށް ދާން އަހަރެން ބޭނުންވަނީ” ޒަލަފްގެ ވާހަކަ ނިމުނުތަނާހެން އެތަނަށް ރަޚަބް އަތުވެއްޖެއެވެ.
“އަހަންނަށް ފެންނަނީ ޒަލަފް އޭނާގެ މަންމަ އުޅޭތަނަށް ގެންދަން، މި ވެސް އޭނާގެ ގެ، އެ ވެސް އޭނާގެ ގެ…. މިވަގުތު އިހަށް އޭނާ ބޭނުންތަނެއްގައި ބެހެއްޓުން ކަންނޭނގެ ރަނގަޅީ، މިހާ ދުވަހު ވެސް ރަޚަބް އިންތިޒާރު ކުރީއެއްނު، އެ ދަރިފުޅަށް މިހާރު ހަޤީޤަތް އެނގިއްޖެ… ވީއިރު އެ ހަޤީޤަތަ ކުރިމަތިލާން ވަގުތު ދޭންވީ، އިތުރަށް އެއްވެސް ކަމެއް އަރީޝާއަށް ދެނެއް ސިއްރެއް ނުކުރެވޭނެ، ވަގުތު ޖެހުމުން އެ ދަރިފުޅު ރަޚަބްގެ ގާތަށް އަންނާނެ” ހިއްރާ ތެދުވެގެން ދަމުން ބުނެލިއެވެ. އެހެންނަމަވެސް އޭނާގެ އަނގަ ހަރަކާތްކުރި ތަނެއް ނުފެނެއެވެ. ރަޚަބްއަށް ހިއްރާގެ އަޑު ސާފުކޮށް އިވުނެވެ. އޭނާ ދެ ލޯ މަރާލަމުން ބޯޖަހާލި ގޮތުން އެކަން ދޭހަވެއެވެ. މަޑުމަޑުން އައިސް ޒަލަފްގެ ކޮނޑުގައި ރަޚަބް އަތްޖައްސާލާފައި ގެއަށް ދާން ބުނެލިއެވެ. އެކަމަށް ބޭނުންވެފައި އިންލެއް ބޮޑުކަމުން ޒަލަފް ނިކަން އަވަހަށް ތެދުވެއްޖެއެވެ.
ނޭވާއެއް ލާހާ އަވަސްކަމާއެކު ޒަލަފް ގޮވައިގެން އައިސް އަރީޝާމެން އުޅޭ ގޭގެ ފެންސު ފެންނަ ހިސާބު ދުރުގައި ރަޚަބް މަޑުކޮށްލިއެވެ. އެއާއެކު ޒަލަފް ހިނގައިގަތީ ގެއަށް ވަނުމަށެވެ. ހަމައެހިނދު ރަޚަބް އޭނަގެ ދަރިފުޅުގެ ކޮނޑުގައި އަތްޖައްސާލިއެވެ. އެނބުރި ބަލާލި ޒަލަފް ގެނެސް ގައިގާ ޖައްސާލަމުން އޭނާގެ ބޮލުގައި ރަޚަބް ފިރުމާލިއެވެ. އަދި ދަރިފުޅު ދިއުމަށް ދޫކޮށްލިއެވެ.
ގެއަށް އައިސް ޒަލަފް ވަނީ އޭނާ ގެއިން ނުކުން ގޮތަށް ކުޑަދޮރުންނެވެ. އޭރު އޭނާގެ އެނދުގައި ޒާލިފަށް ނިދިފައި އޮތެވެ. ޖީބުގައި އޮތް ދިއްގާފަތުގެ މާގޮށި ނަގާ ކުރަހާ ފިލާގަނޑު ބާއްވާފައި އޮތް ހަރުމަތީ ބޭއްވިއެވެ. އަދި ޒާލިފަށް ބަލާލަފައި އައިސް ކުޑަދޮރު ކައިރީ ހުރި ގޮނޑީގައި ޒަލަފް އިށީނދެ ފުންނޭވާއެއް ލިއެވެ. ނިތުގައި އަތްހާކާލާފައި ހަށިގަނޑު ގޮނޑީގެ ތެރެއަށް ދޫކޮށްލިއެވެ. އޭނާގެ ލޮލުގައި ޔަލާގެ ސޫރަ ފާޅުވޭވޭ ހުރި ކުރެހުން އަޅައިގަތީ އެވަގުތުއެވެ.
ހަށިގަނޑުގައި ވަރުބަލިކަމެއް ނެތެވެ. ހަމައެއާއެކު ދެ ލޮލާ ނިދިވަނީ ދުރުވެފައެވެ. ނަމަވެސް ޒަލަފްގެ ސިކުނޑިއަށް ބަރުވެފައި ވެއެވެ. ފިކުރު ކުރުމުގައި ގޮނޑީގައި އިންދާ ޒަލަފްއަށް ލޯ މަރާ ލެވުނީ ކޮންއިރަކުކަމެއް ނޭނގެއެވެ. އޭނާއަށް ހިލަމެއްވީ މީހަކު ގޮވާތީއެވެ. ލޯ ހުޅުވާލިއިރު ދާދި ގާތުގައި ޒާލިފު ހުއްޓެވެ. ގޮނޑީގެ ތެރެއަށް ދޫކޮށްލައިގެން އިން ހަށިގަނޑު ޒަލަފް ތެދުކޮށްލިއެވެ. އަދި ދެ އަތުން މޫނު ފުހެލާފައި ގޮނޑީގައި ރަނގަޅަށް އިށީނެވެ.
“ރޭގަ ކޮންއިރަކު ގެއަށް އައީ… ލޮލަށް ކިހިނެއްވެފައި ތިހިރީ” ޒާލިފު އައިސް އެނދުގައި އިށީންނަމުން ސުވާލުކުރިއެވެ.
“ނޭނގެ” އިސްޖަހާލައިގެން އިނދެ ޒަލަފް ބުނެލިއެވެ.
“ޒަލަފްގެ ދެ ލޮލުގެ ކަޅި ތިހުރީ ރަތްކުލައިގައި… ކަމެއްނުވެ އެހެނެއްނުވާނެ، ދެން ބުނެބަލަ، ކަމެއް ދިމާވީތަ؟ އަހަރެން އުންމީދުކުރި އުފާވެރިކަމެއް ޒާލްގެ މޫނަކުން ނުފެނޭ” ޒަލަފްގެ މޫނުމަތީގެ ކުލަވަރުތައް ދެނެގަންނަން މަސައްކަތް ކުރަމުން ޒާލިފު ބުނެލިއެވެ. އޭނާ އުންމީދުކޮށްގެން ހުރީ ޒަލަފްއާއި ޔާލާގެ ދެމެދުގައި ހިނގައިދިޔަ ކަންކަން ޒަލަފް ކިޔައިދޭނެކަމަށެވެ. ޚުދު ޒާލިފު ވެސް ހުރީ ޒަލަފްއަށް ޔަލާ ދިން ޖަވާބު އެނގެން ބޭނުންވެފައެވެ.
“ޒާލިފު… ރޭގައި ވަރަށް ބޮޑު ކަންތައްގަނޑަކާ އަހަންނާ ކުރިމަތިވެއްޖެ، ޒާލިފު ވެސް ސުވާލު ކުރަމެއްނު މަންމަ އަހަރުމެން ގޮވައިގެން މި ވަލުތެރޭގައި އުޅެނީ ކީއްވެތޯ؟ އަދި ކުޑައިރުއްސުރެ އަހަރެން ގޭގައި ބަންދުކޮށްގެން ގެންގުޅެނީ ކީއްވެކަން އެނގެން ވެސް ބޭނުންވެއެއްނު، އެއިން ކޮންމެ ފަހަރަކު މަންމަ އަހަރުމެންނަށް ވަނީ އޮޅުވާލާފައި… ދޮގު ވާހަކަތަކެއް ދައްކައިގެން ކޮންމެ ފަހަރަކު ހަމަޖައްސާލަނީ” ޒަލަފްގެ މޫނުމަތިން ފެންނަމުން ދިޔައީ ސީރިއަސްކަމެވެ.
“ކީއްވެ މަންމަ ދޮގު ހަދަންވީ؟ އެހެންނޫނަސް އަހަރެން ބުނަމެއްނު މަންމަ އަހަރުމެން ގާތު ބުނަން ބޭނުންނުވަނީ ފަހަރެއްގައި އެކަމެއް އެނގުމަށް ވުރެ ނޭނގުން ރަނގަޅުވީމާކަމަށް” ޒާލިފު ބުނެލިއެވެ.
“އެހެނެއްވެސްނޫން، ހުރިހާ ކަމެއް އެނގެން ބޭނުންނަމަ ޒާލް އަހާބަލަ މަންމަ ގާތު އަހަރުމެންގެ ބައްޕައަކީ ކާކުތޯ” ޒާލިފަށް ބަލާލާފައި ޒަލަފް ބުނެލިއެވެ.
“ބައްޕަ އެބައުޅެއެއްނު ގޭގައި… އަނެއްކާ އެކަހަލަ ސުވާލެއް މަންމައާ ކުރާކަށް އަހަންނަކަށް ނުވެސް ކެރޭނެ. ހުތުރުކަމެއްނު އެއީ… ޒަލަފްއަށް އެނގޭތަ ތިބުނެވޭ އެއްޗެއް” ޒަލަފް ދައްކާ ވާހަކައެއް އެއްގޮތަކަށް ވެސް ޒާލިފަށް ފަހުމެއްނުވިއެވެ.
“މަންމައާ ބެހޭގޮތުން ހުތުރު ވާހަކައެއް ދައްކާކަށް ނޫން އަހަރެން މިއުޅެނީ، އެކަމަކު މަންމަ ނުވާނެއެއްނު އަހަރުމެންގެ ބައްޕައަކީ ކާކުކަން ސިއްރުކޮށްގެންނެއް، ޒާލިފު… އަހަރުމެން ދެ މީހުންގެ ބައްޕައަކީ އިންސާނެއްނޫން. އެއީ ލޮލަށް ނިވާވެގެން އުޅުމުގެ ބާރު ލިބިގެންވާ މަޙުލޫގެއް، އޭނާ ދިރިއުޅެނީ އޭނާގެ ޢާއިލާ މީހުންނާއެކު…”
“ޒަލަފް…” ޒާލިފަށް ބޭއިޚްތިޔާރުގައި ޒަލަފްއަށް ގޮވާލެވުނެވެ. މީގެ ކުރިން އެފަދަ ހަމަނުޖެހޭ ވާހަކައެއް ޒަލަފް ނުދައްކައެވެ. ހަމައެއާއެކު ޒަލަފްގެ ކަޅި ރަތް ކުލައަށް ބަދަލުވެފައިވާތީ ފެނުމުން އެކަމާ ޒާލިފު އިނީ ނުހަނު ކަންބޮޑުވެފައެވެ. ފަހަރެއްގައި ޤަބޫލުކުރަން ދަތި ހަމަނުޖެހޭ ވާހަކަ ޒަލަފް ދައްކަނީ އެހެންވެ ކަމަށް ވެދާނޭ ޒާލިފަށް ހީވިއެވެ.
“އަހަރެން ދޮގެއް ނުހަދަން، އަހަންނާއި ޒާލިފާ ތަފާތު… ވަރަށް ބޮޑަށް ވެސް ތަފާތު…”
“އިހަށް ހިނގާބަލަ ތި ލޮލަށް ވެފައި ހުރި ގޮތެއް ބަލަމާ، ރޭގައި ދިޔައިރު ހުރީ ރީތިކޮށް… މިހާރު ހީވަނީ ކަޅިއަށް ލޭއަރާފައި ހުރިހެން… ފަހުން ވެސް ތި ވާހަކަތައް ދެއްކިދާނެ، އަހަރެން ބޭނުމެއްނޫން ޒާލްގެ ލޮލަށް ކަމެއްވާކަށް” ޒާލިފު ބުނެލިއެވެ.
“އަހަރެންގެ ލޯ…” ޒަލަފް ގޮނޑިން ތެދުވެގެން އައިސް ލޯގަނޑުގެ ކުރިމަތީ ހުއްޓިލިއެވެ. އެހިނދު އޭނާ ބުނަން އުޅުނު ޖުމްލަ ފުރިހަމައެއް ނުވިއެވެ. ހައިރާންވެފައި ލޮލަށް ބަލަން ހުއްޓެވެ. އިނގިލިން ލޯ ހުންނަވަރަށްވުރެ ބޮޑަށް ހުޅުވާލަމުން ފަރާތްފަރާތަށް ކަޅި ހިންގާލިއެވެ. ޒާލިފު ބުނިހެން އޭނާގެ ދެ ލޮލުގެ ކަޅިވަނީ ރަތްކުލައަށް ބަދަލުވެފައެވެ. އެކަމަކު އެހެން އެކަންވީ ކޮންއިރަކު ކަމެއް ޒަލަފްއަކަށް ނޭނގެއެވެ. ހަމައެހިނދު ޒަލަފްގެ ހަނދާނަށް އައީ ރަޚަބްގެ ލޮލާއި ބެހެމަތްގެ ލޯ ހުރި ކުލައެވެ. ދެއަތުން ލޯ ނިވާކޮށްލުމާއެކު ނިތްކުރީގައި ޒަލަފް ހިފެހެއްޓިއެވެ.
“ތަދުވަނީތަ؟” ކަންބޮޑުވެފައި ހުރި ޒާލިފު އައިސް ޒަލަފްގެ ފުރަގަހުން ހުއްޓި އަހާލިއެވެ.
“މި ދެ ލޮލަކީ އެ މީހުންގެ ހުންނަ ކަހަލަ ދެ ލޯ… ޒާލިފު… އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ… މަންމަގެ ދުލުން ހުރިހާ ކަމެއް އެނގެން އަހަރެން ބޭނުން. މިހާރު އަހަރެން ފެނުމުން ވެސް މަންމައަށް އިތުރަށް ސިއްރެއް ނުކުރެވޭނެ” ޒަލަފް ބުނެލިއެވެ.
“އަހަރެން ޒަލަފްގެ ވާހަކަ އަޑުއަހަމޭ… އެކަމަކު އިހަށް ތިރިއަށް ހިނގާ، ފާޚާނާއަށް ވަދެ ތި މޫނު ދޮވެލަން” ޒާލިފު އޭނާގެ ބޭބެގެ ކަނާއަތުގެ މުލައްދަނޑީގައި ހިފާލިއެވެ.
ޒަލަފްއަށް ހީވަނީ އޭނާގެ ވާހަކަ ޒާލިފު ޤަބޫލުނުކުރާހެނެވެ. ޚުދު އޭނާއަށް ވެސް ބެހެމަތް ނޭނގޭނަމަ ރޭގައި އެ ފެނުނު ކަންތައްތަކަކީ ހަޤީޤަތެއް ކަމުގައި ޤަބޫލުކުރަން އުނދަގޫ ވީހެވެ. އަރީޝާގެ ގާތުން ހުރިހާ ކަމެއް އޮޅުން ފިލުވަން ޒަލަފް ނިންމިއެވެ. އަދި އެ ހަޤީޤަތް ޒާލިފަށް ވެސް އެނގެން ޖެހޭނެއެވެ. ޒާލިފާއެކު ކޮޓަރިން ނުކުމެގެން ޒަލަފް އައިސް ފާޚާނާއަށް ވަނެވެ. ބާލިދީ އަރިކޮށްލާފައި އޮހިގަތް ފެންތަކުން ފެންގޮށްޓެއް ޒަލަފް މޫނަށް ޖެހިއެވެ. އޭރު ޒާލިފު ބަލަން ދޮރުމަތީގައި ހުއްޓެވެ.
“މި ނިކުންނަނީ އިރުކޮޅަކުން” ހިންދެމިލާފައި ދޮރުމަތީ ހުރި ޒާލިފަށް ބަލާލާފައި ޒަލަފް ބުންޏެވެ. އެއާއެކު ތުވާލި ނަގާ ޒަލަފްއާ ދިމާއަށް އެއްލާފައި ޒާލިފު ދާން ހިނގައިގަތެވެ.
ހެނދުނުގެ ސައި ތައްޔާރުކޮށްފައި އަރީޝާ އައިސް ކޮޓަރިއަށް ވަނީ އަބްދުއްރަޢޫފަށް ގޮވުމަށެވެ. އޭރު ނިތްމަތީ އެއްއަތް ބައްވާލައިގެން ލޯ މަރައިގެން އަބްދުއްރަޢޫފު އޮތެވެ. މަޑުމަޑުން އަބްދުއްރަޢޫފުގެ މަގަތުގައި އަރީޝާ އިށީނދެ ނިތުގައި އޮތް އަތުގައި އަތްޖައްސާލިއެވެ.
“އަދިވެސް ބޮލުގައި ރިއްސަނީތަ؟” އަރީޝާ އަހާލިއެވެ.
“އާން! މީ އަދައިގެ ރިހުމެއްނޫން… އެހެންވީމަ ކިހިނެއް ބޭސްގުޅައެއް ކާލައިގެން ރަނގަޅުވާނީ” އަބްދުއްރަޢޫފު ނިތުގައި އިނގިލިތަކުގެ ކުރިން ފިރުމާލިއެވެ.
“ސައިބުއީމަ ގައިގާ ވަރުޖެހިލާނެ، އޭރުން ތި ރިހުން ފިލާފާނެ، އެ ކުދިން ވެސް ހޭލާ އެބައުޅޭހެން ހީވަނީ” އަރީޝާ ބުންޏެވެ.
“ދޭ އެ ދެބެންނަށް ސައިބޯން ގޮވަން، އަހަރެން ވެސް މިދަނީ” އަބްދުއްރަޢޫފު ބުނެލިއެވެ. އޭނާ ތެދުވަން އުޅޭކަމުގެ އިޝާރާތެއް ނުވި ނަމަވެސް އަރީޝާ ތެދުވެގެން ހިނގައިގަތީ ޒަލަފްއާއި ޒާލިފަށް ސައިބޯން އަންނަން ގޮވާށެވެ.
ޒާލިފު އޭނާގެ ކޮޓަރިން ނުކުންތަން ފެނިފައި އަރީޝާ ފުރަތަމަ ވެސް އަހާލީ ޒަލަފް ހޭލާ އުޅޭތޯއެވެ. އޭނާ ހޭލާ އުޅޭކަން އެނގުމުން ޒާލިފު ގާތުގައި އެދުނީ ޒަލަފް ގޮވައިގެން ސައިބޯން އައުމަށެވެ. އަދި ބަދިގެ ފަރާތަށް އަރީޝާ ގޮސް ވަނެވެ. ޒާލިފު ހިނގައިގަތީ ޒަލަފް ފާޚާނާއިން ނުކުންތޯ ބެލުމަށެވެ. އެތަނުގައި މީހަކު ނެތުމުން ޒަލަފް އޭނާގެ ކޮޓަރިއަށް ދިޔައީކަން ޒާލިފަށް އެނގުނެވެ. ހާސްކަމެއްގެ ތެރޭގައި ހުރެ ސިޑީގެ ހަރުފަތްތައް ގިރާކޮށް ޒަލަފްގެ ކޮޓަރިއަށް ޒާލިފު އައީ ހަލުވިކަމާއެކުއެވެ.
“ޒަލަފް…” ދޮރުހުޅުވާލާފައި އެތެރެއަށް ވަންނަމުން ޒާލިފު ގޮވާލިއެވެ. އޭރު ލޯގަނޑު ކުރިމަތީ ޒަލަފް ހުއްޓެވެ.
“އަހަންނަކަށް ނޭނގުނު މި ލޯ ބަދަލު ކުރާނޭ ގޮތެއް… އަދިވެސް މިހިރީ ރަތްކުލައިގައި” ޒަލަފް އެނބުރި ޒާލިފަށް ބަލާލާފައި ބުނެލިއެވެ.
“މަންމަ ބުނެފި ޒާލް ގޮވައިގެން ސައިބޯން އަންނަން، އެކަމަކު ތި ލޯ ފެނިފައި މަންމަ ސުވާލުކުރަން ފަށާނެ” ޒާލިފު ހުރީ އަދިވެސް ކަންބޮޑުވެފައެވެ.
“ރަނގަޅީ ވެސް ސުވާލުކުރިއްޔާ. އަހަރެން ޖަވާބުދޭނަން… ހިނގާ ސައިބޯން…” ޒަލަފް މިހެން ބުނެ އެނދުގެ ކޮޅުގައި އަޅުވާފައި އޮތް ޓީޝާޓެއް ނަގާ ގަޔަށް ހެޔޮވަރުކޮށްލައިގެން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް ޒާލިފު ވެސް ކޮޓަރިން ނުކުތެވެ. ނަމަވެސް އޭނާގެ މޫނުމަތިން ފެންނަނީ ނުތަނަވަސްވެފައި ހުރި ކަމުގެ އަސަރުތަކެވެ. ޒަލަފް ދައްކާ ވާހަކައިގައި ކުޑަ ވެސް ހަޤީޤަތެއް އެކުލެވޭނަމަ ހީވެސް ނުކުރާ ފަދަ ހަމަނުޖެހުމެއް ގޭގައި ހިނގައިފާނޭ ޒާލިފަށް ހީވަނީއެވެ. އަނެއްކޮޅުން ޒަލަފް ގެއިން ނުކުތުމަށް އެހީވި މީހަކީ އޭނާއެވެ. އަބްދުއްރާޢޫފާއި އަރީޝާ ރުޅި އަންނާނީ ވެސް ޒާލިފު ދެކެ ކަން އޭނާއަށް އެނގެއެވެ.
ކާމޭޒު ދޮށުގައި އަބްދުއްރަޢޫފު އައިސް އިށީން ފަހުން ޒާލިފާއި ޒަލަފް ބަދިގެ ތެރެއަށް ވަދެގެން އައެވެ. ބޮލުގައި ރިއްސާތީވެ ނިތުގައި ހިފަހައްޓާލައިގެން އަބްދުއްރަޢޫފު އިނީ އިސްޖެހިފައެވެ. އޭނާ އިން ގޮތުން ވެސް ޒާލިފު ފަސްޖެހޭ ގޮތްވިއެވެ. އެހެންނަމަވެސް ކުރިއަށް ފިޔަވަޅު އަޅަމުން އައިސް އޭނާ އާންމުކޮށް އިންނަ ގޮނޑީގައި އިށީނެވެ. އެހިނދު ފެންޖަގު ގެނެސް މޭޒުމަތީގައި ބަހައްޓާފައި ބިއްލޫރި ތަށިތަކަށް ފެންއަޅަން އަރީޝާ ފެށިއެވެ. އެހެންޏާ ނުކުރެވޭ ކަހަލަ އުނދަގޫ އިހުސާސެއް އަބްދުއްރަޢޫފަށް ކުރެވެން ފެށިއެވެ. ބޮލުގައި ރިހުން ވެސް ގަދަވާހެން އޭނާއަށް ހީވިއެވެ. ވަގުތުން އަތުގެ މީދާމަސްގަނޑުގައި އަތްހާކާލިއެވެ. އެ ހިސާބުގައި އަޅާފައި އޮތް ބަޑި ސަލާމަތުން އޮތްތޯއެވެ. އެއާއެކު އަބްދުއްރަޢޫފަށް ހައިރާންކަން ލިބިގެން ދިޔައެވެ. ނުބައެއް އެބައުޅޭކަން އޭނާއަށް ޔަޤީންވިއެވެ. ހަށިރައްކަލަށް އަޅާފައި ހުރި އެއްޗެހީގެ ބާރުކަނޑާލާފައި ވާކަހަލައެވެ. އޭނާއަށް ގޮތްތަކެއް ވާންފެށީ ޒާލިފާއި ޒަލަފް ބަދިގެއަށް ވަދެގެން އައުމާއެކުއެވެ. ނިތުން އަތްނައްޓާލާފައި އިސްއުފުލާލި ވަގުތު އަބްދުއްރަޢޫފަށް އިވުނީ އަރީޝާގެ ބާރު ހަޅޭކުގެ އަޑެވެ. އަދި އޭނާ ފަހަތަށް ދެމިގަތްލެއް ހަލުވިކަމުން މޭޒުދޮށުގައި ހުރި ގޮނޑި ވެސް ވެއްޓުނެވެ. އަރީޝާގެ ފަރާތުން އެ ފަދަ ހަޅޭކެއްގެ އަޑު ނީވޭތާ އަހަރުތަކެއް ފާއިތުވެ ހިނގައްޖެއެވެ. މޭޒުދޮށުގައި ތިބި އެންމެން ކޮޅަށް ތެދުވިއެވެ. އަރީޝާ ހީވަނީ ބިރެއްފެނިގެން ހުއްޓުން އަރާފައި ހުރި ހެންނެވެ. އޭނާގެ ނަޒަރު ޒަލަފްއަށް ހުއްޓިފައި ހުރުމުން އަބްދުއްރަޢޫފަށް ވެސް އަރީޝާގެ ގާތަށް ދެވުމުމުގެ ކުރިން ޒަލަފްއަށް ބަލާލެވުނެވެ.
“ސުބުޙާނައްﷲ…” އަބްދުއްރަޢޫފުގެ ދެ ލޯ ބޮޑުކޮށްލިއެވެ. ހިމޭންކަމާއެކު ޒަލަފް ހުއްޓެވެ. ޒާލިފު އައިސް އަވަހަށް އަރީޝާގެ ގައިގާ ހިފެހެއްޓިއެވެ.
“މަންމާ… ކިހިނެއްވީ؟” އަރީޝާއަށް ވީގޮތެއް އެ ވީ ޒަލަފްގެ ދެ ލޯ ފެނިފައިކަން ޒާލިފަށް އެނގޭއިރު ވެސް އޭނާ ހުރީ ހަޤީޤަތް އެނގެން ބޭނުންވެފައެވެ. އިންތިހާ ދަރަޖައިގެ ކަންބޮޑުވުމާއި ބިރުވެރިކަން އަރީޝާގެ މޫނުމަތިން ފައުޅުވެގެން ދާންވީ ސަބަބަކީ ކޮބައިބާވައޭ ޒާލިފުގެ ހިތާ ސުވާލު ކުރިއެވެ. އެހިނދު އޭނާގެ ޟަމީރު ހަނދާންކޮށްދިނީ ޒަލަފް ދެއްކި ވާހަކަތަކެވެ.
“ރަޢޫފު… ރަޢޫފު….” ވާހަކަނުދެއްކިގެން އުޅޭ މީހަކު ފަދައިން އަބްދުއްރަޢޫފަށް ގޮވަމުން އަރީޝާ އޭނާއަށް އިޝާރާތް ކުރިއެވެ. އަބްދުއްރަޢުފު އަވަސްއަވަހަށް އަރީޝާގެ ގާތަށް އައިސް އޭނާ ގޮވައިގެން ބަދިގެ ފަރާތުން ނުކުމެގެން ހިނގައްޖެއެވެ. ޒާލިފާއި ޒަލަފް ވެސް އެމީހުންގެ ފަހަތުން ނުކުތެވެ. ނަމަވެސް އަބްދުއްރަޢޫފުމެން ގޮސް އެ މީހުންގެ ކޮޓަރިއަށް ވަނީއެވެ.
“މަންމަ ކަމެއް ސިއްރުނުކުރާނަމަ އަހަރެންގެ ލޯ ފެނިފައި އެވަރު ވާންވީ ކީއްވެ؟ ޒާލިފު ވެސް ފުރަތަމަ އަހަރެންގެ ލޯ ފެނިފައި ސުވާލުކުރީ ވެފައި ހުރ ގޮތެއް ނޭނގިގެން، އެކަމަކު މަންމައަށް އެނގޭ އަހަރެންގެ ލޮލަށް ވެފައި މިހުރީ ކިހިނެއްކަން” ޒާލިފުގެ ގާތުގައި ހުއްޓިލައިގެން ހުރި ޒަލަފް ބުނެލިއެވެ.
“ދުށިންތަ؟ ރަޢޫފު ދުށިންތަ؟ އެއީ…. އެއީ ހަމަ އެ ދެ ލޯ… އެކަމަކު ކީއްވެ؟…. ކީއްވެތަ….” ތުރުތުރު އަޅަމުން ދިޔަ އަރީޝާ ސުވާލުކުރިއެވެ.
“އަހަރެން ވެސް ޖެހޭނީ ބަލަން، ވަރަށް ބޮޑު ނުބައެއް ހިނގައިފި… އެ މީހުންގެ ތެރޭގައި ހިނގާ ހުރިހާ ކަމެއް އަހަންނަކަށް ވެސް ނޭނގޭ… އެންމެފަހުން ބެލި އިރު ވެސް ހުރިހާ ކަމެއް ރަނގަޅު…” ހައިރާންކަމުގެ ތެރޭގައި ހުރި އަބްދުއްރަޢޫފު ބުނެލިއެވެ.
“މިފަހަރު ތިބެލީ ނުބައިކޮށް… އެ މީހުންގެ ބާރު ގަދަވެއްޖެ. ޒަލަފްއަށް އެ މީހުންގެ ނުފޫޒު ފޯރައިފި… އޭނާ އެ ބަދަލުވަނީ، ރަޢޫފު… އަހަރެންގެ ދަރިފުޅު… އެ މީހުން އޭނާ ގެންދާނެ…” ކުއްލިއަކަށް އަރީޝާގެ ޠަބީޢަތް ގޯސްވެއްޖެއެވެ. އޭނާ ހާސްވެ ބިރުގެންފައިވާ ހާލުގައި ރޮވެން ފެށުނެވެ. ރަޚަބްގެ އިންޒާރުތައް ސިކުނޑީގައި އެނބުރެން ފެށީއެވެ.
“އަރީޝާ… އަހަރުމެން ދެ މީހުން ހާސްވެގެން މިގޮތަށް އުޅެންވެއްޖެއްޔާ އެ ދެބެން ސުވާލުކުރާނެ. ޒަލަފްއަށް އެ ބަދަލުތައް އައިގޮތެއް ހޯދަން ހަމަ މިހާރު މަސައްކަތް މި ފަށަނީ. އަހަރެންގެ ބޮލުގައި މިހާވަރަށް މި ރިއްސަނީ އެހެންވެގެންކަން ޔަޤީން، ޒަލަފްއަށް އެ މީހުންގެ ބާރު ފޯރުވަނީ…. ދެރައީ އަހަރެން މިހާ ބަލައިގެން އުޅެނިކޮށް ނުވެސް އެނގި މިކަން ހިނގީމަ… އަރީޝާ… އަރީޝާ ވާނެ ވަރަށް ހިތްވަރުގަދަވާން، އަހަންނާއި އަރީޝާއާ ނޫން ބައެއް މިއަދު މިކަމުގައި އުޅޭކަށްނެތް. އަހަރެންގެ އެންމެ ފަހު ނޭވާ ނުކުމެގެން ދަންދެން އެ ދެބެން ހިމާޔަތްކުރާނަން، ތުއްތު އިރުން ފެށިގެން ޒުވާނުންނަށް ވަންދެން އެ ދެބެން މި ބެލީ އަހަރެން. އަހަރެން ޤަބޫލުކުރަނީ އަހަރެންމީ އެ ކުދިންގެ ބައްޕަކަމުގައި… ދެން ނުރޮއެ ހުއްޓާލާ އަރީޝާ… އަހަންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން. އިރާދަކުރެއްވިއްޔާ ކާމިޔާބު ވެސް ލިބޭނީ އަހަރުމެންނަށް” އަރީޝާގެ ކޮނޑުގައި ހިފައި ގާތްކޮށްލައިގެން ހުރެ ފިރުމަމުން އަބްދުއްރަޢޫފު ވާހަކަދެއްކިއެވެ. އޭނާގެ ވާހަކައިން މަޑުމަޑުން އަރީޝާ ހަމައަކަށް އެޅި ކޯތާފަތް ދެ އަތުން ފުހެލިއެވެ. އަދި ހަށިފުރާ ނޭވާއެއް ލުމާއެކު އަބްދުއްރަޢޫފަށް ބަލާލިއެވެ.
“ގެންދަންޏާ ގެންދަން ޖެހޭނީ އަހަރުމެން ދެ މީހުން ވެސް މި ދުނިޔާ ވަކިކޮށްލައިގެން. އަހަރެން އެންމެ ތަންފުކެއް ވެސް ދުލެއް ނުކުރާނަން. މި ބިރުވެރިކަމުގައި ލައްކަ ދުވަހު އުޅެވިއްޖެ. މިހާރު ދެން އޭރު ވީ ކަންކަން ސިއްރު ކުރުމުގެ ބޭނުމެއް ވެސް ނެތް” ކުއްލިއަކަށް އަރީޝާ ފެނުނީ ފިސާރި އަޒުމް ވަރުގަދަ ހިތްވަރު ހުރި މީހެއްގެ ގޮތުގައި ވާހަކަދައްކިތަނެވެ. އޭނާގެ މި ވާހަކަތަކުން އަބްދުއްރަޢޫފުގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އޭނާ އެންމެ ކަންބޮޑުވަނީ އަރީޝާއާ މެދުއެވެ. އަރީޝާ ފިނޑިވެއްޖެނަމަ އޭނާގެ ހިތްވަރު ވެސް އެލިދާނެއެވެ.
“އަހަންނަށް ވެސް ފެންނަނީ އެ ދެބެންނަށް ހުރިހާ ހަޤީޤަތެއް ކިޔައިދޭން، އަހަރުމެންނާ ވަކިވެގެން އެ ދެބެން ދާނޭ ހެނެއް ހިޔެއްނުވޭ” އަބްދުއްރަޢޫފު ބުންޏެވެ.
“އަހަރެން ކަންބޮޑުވަނީ ޒަލަފްއާ މެދު…” އަރީޝާގެ ހާސްކަން އަބަދުވެސް ގުޅިފައި ވަނީ ޒަލަފްއާއެވެ. އެ ދަރިފުޅާއި ވަކިވާކަށް އޭނާ ނޭދެއެވެ.
* * * *
“ސީރިއަސްލީ ލުހާ… ޒާލްއާ ވަކިންނެއް އަހަންނަކަށް ނޫޅެވޭނެ… މިއަދު އޮފު ދީފާ ވެސް އެމަރޖެންސީއޭ ކިޔައިފައި ނެރެފިވިއްޔާ… އަހަރެން ބޭނުންވަނީ އެނދުގައި ޒާލްގެ ޚިޔާލުގައި އޮންނަން… ލޫ… ޒާލް ހީވަނީ ހުވަފެނީ ޕްރިންސްއެއްހެން…” ޚިޔާލީ ދުނިޔެއެއްގައި ހުރި މީހަކު ހެން ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ޔަލާ ވާހަކަދެއްކިއެވެ. އެހެންމީހުންނާ އެކަހެރިވުމަށް ހޮސްޕިޓަލުގެ ޓެރެސްގައި ހިޔާކޮށްފައި ހުރި ބައިގެ ތަނބެއްގެ ނިވަލަށް ޔަލާ ވަދެހުއްޓެވެ. ހިތާއި ސިކުނޑީގައި އުތުރިއަރަމުން ދާ ލޯބީގެ ޚިޔާލުތައް މީހަކާ ޚިއްޞާނުކޮށް ހުރުން ޔަލާއަށް ފަސޭހަކަމަކަށް ނުވީއެވެ. ޚުދު ޔަލާއަށް ވެސް ފޯނުގައި ހުރެ ޖެއްސޭ ވައްތަރުތައް ނޭނގެއެވެ. ތުއިވުމާއި އޮޅިގަތުމާއި ރަކިގޮތަކަށް ދެ ލޯ މަރާލުމާއެކު ދެފަރާތަށް ބޯހޫރާލުމާއި މިކަހަލަ އެތައް ހަރަކާތެއް އޭނާ ކުރަމުން ދިޔައެވެ. ހަމަބިމަށް އޭނާއަށް ފޭބޭވަރުވީ ފޯނަށް އައި އެލާޓުގެ އަޑުންނެވެ. އިވިގެން ދިޔައީ ޔަޤީނުން ވެސް ހޮސްޕިޓަލުން ފޮނުވި މެސެއްޖެ ލިބުނު އަޑެވެ. ފޯނުކޯލު ނިންމާލާފައި މެސެޖު ކިޔާލިއިރު ވާޑުގައި އޮތް ބަލިމީހެއްގެ ގާތަށް ނިކަން އަވަހަށް އައުމަށް ޔަލާއަށް އަންގާފައި އޮތެވެ. އެހިނދު މުޅި މީހާގެ ކުރިން ހުރި ޠަބީޢަތް ބަދަލުވެ ސީރިއަސްވެއްޖެއެވެ. ހަރުކޮށް ހިނގާލަފައި ޓެރެސްއިން ފޭބުމަށް ހުރި ދޮރު ހުޅުވާލާފައި ސިޑިން ތިރިއަށް ދިޔައެވެ.
ލިފްޓުގެ ދޮރުލެއްޕެމުން ދަނިކޮށް އެ ދޭތެރެއަށް އަތްލާއްވާލާފައި ރީހާން ދޮރު ހިފެހެއްޓިއެވެ. އަވަސްއަވަހަށް ލިފްޓުގެ ތެރެއަށް ދެމިގަން އިރު އެތެރޭގައި ހުރި ޔަލާ އެކަންޏެވެ. އެއްޗެއް ބުނުމުގެ ބަދަލުގައި ރީހާން ބަދަލުކޮށްލީ ހިނިތުންވުމެކެވެ. ޔަލާ ވެސް ހިނިތުންވެލާފައި އިސްޖަހަލައިގެން ހުއްޓެވެ. ދެ މީހުން އެގޮތަށް ލިފްޓުގެ ތެރޭގައި އެކަނިވުމުން ރީހާންގެ ހިތުގެ ހިނގުން އަވަސްވަމުން ދިޔައެވެ. ސިއްރުން އޭނާގެ ނަޒަރު ހުއްޓެމުން ދިޔައީ ޔަލާއަށެވެ. އެ ރީތިކަމަށް ރީހާންގެ ހިތް އެދެމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނަމަވެސް ސީދާ ހިތުގެ އެދުން ފާޅުކުރަން އޭނާ ފަސްޖެހެނީ ކީއްވެކަމެއް ވެސް ނޭނގެއެވެ. އެކުގައި އުޅޭ މީހުންގެ ހިތްވަރު ވެސް އޭނާއަށް ލިބެއެވެ. ތެޔޮނާށި ކާޅު ޖަހައިނުގަންނަނީސް ފުރުޞަތުގެ ބޭނުން ހިފަން އެ މީހުން ލަފާދެއެވެ. އެކަމަކު އަދިވެސް ރީހާންއަށް އެކަން ކުރުމުގެ ހިތްވަރެއް ނުލިބެއެވެ. ޔަލާ ފެންނަ ކޮންމެ ފަހަރަކު އޭނާގެ ގޮޅިކަނޑާފައިވާ ބަނޑުގެ މަސްތަކަށް ފާޑެއްގެ ވާނެއްވެ ހިތުގެ ހިނގުން އަވަސްވެ ފިނޑިވާގޮތް ވަނީއެވެ. އެއިން ކޮންމެ ފަހަރު ދޫބަންދުކޮށްގެން ހުންނަނީ އެ ދުލުގެ ހަރަކާތް ހުއްޓިފައި ވާތީއެވެ.
ހުޅުވިގެން ދިޔަ ލިފްޓުގެ ދޮރުން ޔަލާ ނުކުންނަން ދެން ރީހަން މަޑުކޮށްލިއެވެ. އަދި އޭނާގެ ފަހަތުން ގޮސް ދެ ޒުވާނުން ވެސް ވަނީ ވޯޑަށެވެ. އޭރު އެތަނުގައި ހޮސްޕިޓަލުގެ ސީނިއަރ އެހެން ޑޮކްޓަރުން ތަކެއް ވެސް ތިއްބެވެ.
* * * *
ސޯފާގައި ކަންބޮޑުވެފައި ޒާލިފު އިނެވެ. ފިކުރެއްގައި އިނދެފައި އިސްއުފުލާލި ވަގުތު ޒަލަފް ފެންނަން ނެތުމުން ޒާލިފަށް ފުންމައިގެން ތެދުވެވުނެވެ. ވަށައިގެން ހޯދާލުމާއެކު އަވަސް ފިޔަވަޅުގައި ބޭރަށް ނުކުތެވެ. މީހާ ހުއްޓުމަކަށް އައީ ގޯތިތެރޭ މަސްފެންގަނޑު ކައިރީ ހުރި ރުއްބުޑެއްގައި އިށީނދެ އިންތަން ފެނުމުންނެވެ. ފެންނަ ފެނުމަށް ޒަލަފް ވެސް އެއިނީ ކޮންމެވެސް ފިކުރެއްގައެވެ. ޒާލިފު ޑެކުގެ ސިޑިމަތީ އިށީނެވެ. މިފަދަ ވަގުތެއްގައި އޭނާގެ ލޯމަތިން ޒަލަފް ގެއްލިދާނެތީ އުޅޭ މީހަކު ފަދައިންނެވެ.
ކޮޓަރިން އަބްދުއްރަޢޫފާއި އަރީޝާ ނުކުންއިރު ހުސްކޮށް އޮތުމުން ދެ މީހުން ހިނގައިގަތީ ދެ ދިމާއަށެވެ. އަބްދުއްރާޢުފު ބޭރަށް ނުކުންނަން ދިޔައިރު އަރީޝާ އައިސް ބަދިގެ ފަރާތް ބަލަނީއެވެ. އެވަގުތު އަބްދުއްރަޢޫފު ދޮރުމަތީ ހުރެ ޒާލިފާއި ޒަލަފްއަށް ގޮވާލި އަޑުއިވުނެވެ. ދެބެން އެކުގައި އޭނާއާ ދިމާއަށް އައުމަށް ހިނގައިގަތެވެ.
“ސިއިބޯން އާދޭ… މަންމަ އެބައޮތް ވާހަކައެއް ދައްކަންވެފައި. އެކަމަކު ސައިބޮއެގެން އެ ވާހަކަދައްކާނީ” ބަދިގޭ ދޮރުމަތީ ހުރެފައި އަރީޝާ ބުނެލިއެވެ.
އެހެން ދުވަސްތަކާއި ޚިލާފަށް ސައިމޭޒުދޮށުގައި ތިބި އެންމެން ހިމޭންވެފައި ތިއްބެވެ. ފިކުރުބޮޑުވެފައި ތިބުމުގެ ސަބަބުން ކޮންމެ މީހަކު ވެސް ނިކަން އަވަހަށް ސައިބޮއެ ނިންމައިލައިފިއެވެ. ތަށިތައް ނެގުމުގެ ބަދަލުގައި އަރީޝާ ވެސް އިންގޮތަށް އިނީއެވެ. އޭނާ ދައްކަން އެ އުޅޭ ވާހަކައަކީ ވަރަށް ވެސް ޒާތީ ވާހަކައަކަށް ވާތީ އަބްދުއްރަޢޫފު އެތަނުގައި ހުރުމުން އަރީޝާއަށް އެ ވާހަކަތައް ދައްކަން އުނދަގޫވެދާނޭ ކަމަށް ހީކޮށް އޭނާ ބަދިގެއިން ނުކުތެވެ. ޒަލަފްއާއި ޒާލިފު ތިބީ އަރީޝާ ވާހަކަދައްކަން ފަށާނޭ އިރެއްގައި އިންތިޒާރުގައިކަން އެ މީހުންގެ ނަޒަރު އަރީޝާއަށް ހުއްޓާލައިގެން ތިބި ގޮތުން އެނގެއެވެ. ދެބެންނަށް ވަކިވަކިން އަރީޝާ ބަލާލާފައި ފުންނޭވާއެއް ލީ ގޮތުން ހީވީ އަމިއްލަ ނަފްޞު ހަމައަކަށް އަޅުވަން އޭނާ މަސައްކަތް ކުރަނީ ހެންނެވެ. ފެންފޮދެއް ބޯލާފައި ހިންދިރުވާލި އަރީޝާ އަނެއްކާ ވެސް އޭނާގެ ދެ ދަރިންނަށް ބަލާލިއެވެ.
“ޒަލަފްއާއި ޒާލިފު ވިހެއީ މި މަންމަގެ ބަނޑުން، ތިއީ ދެބެންކަން ދަރިފުޅުމެންނަށް ބަލާލާ އެއްވެސް މީހަކަށް ދެ ކޮޅުހަދާކަށް ނުކެރޭނެ… އެހެންނަމަވެސް ތި ދެބެން އުޑާއި ބިމާހާ ތަފާތު… އެއީ މި މަންމަ ގަސްދުގައި ކުރިކަމެއްނޫން. އެއްފަހަރު ވެސް ތި ދެބެންގެ ދެމެދުގައި ތަފާތު ކުރާކަށް މަންމަ ނޭދެން، އެކަމަކު ވިސްނާލައިފިނަމަ ދަރިފުޅު މެންނަށް ވެސް އެނގޭނެ… ބޯމަތީގައިވާ އުޑަށް ބަލަން އިސްއުފުލާލައިފި ނަމަ ބިމުގައިވާ އެއްޗެއް ނުފެންނާނޭކަން… އެއްފަހަރާ އެ ދެތަނަށް ބަލަން ބޭނުންވިޔަސް އެއީ ފަސޭހަކަމަކަށް ނުވާނޭކަން… ޒަލަފްއަށް ހީވެދާނެ މަންމަ ހުރިހާކަމެއްކުރީ ނާއިންސާފުންނޭ… ޒާލިފަށް ހުރިހާ މަގެއް ފަހިކޮށްދިންއިރު ދަރިފުޅު ހުރީ ހުރިހާ ކަމަކުން މަހުރޫމުވެފައޭ… އެހެންކަންތައް ކުރަންޖެހުނީ މަޖުބޫރުވެގެން… އެކަމަށް މަންމައަށް މާފުކުރޭ… ފަހަރެއްގައި ވެސް ޒާލިފުދެކެ މަންމަ ބޮޑަށް ލޯބިވާތީ ކުރިކަމެއްނުން އެއީ…”
“ބައްޕައާ އަހަރުމެން ވައްތަރުނޫނީ އަހަރުމެންނަކީ ބައްޕަގެ ދަރިންނެއްނޫންތަ؟” ޒަލަފް ގަސްދުގައި އަރީޝާގެ ވާހަކަ މެދުކަނޑާލާފައި ސީދާ ބޭނުންވާ ޖަވާބު ހޯދުމަށް އުޅުނެވެ. އޭނާގެ ސުވާލާއެކު އަރީޝާ އިސްޖަހާލިއެވެ. ދަރިންނާ ކުރިމަތިލާނެ ހިތްވަރެއް ނެތް ފަދައެވެ.
“އަހަރުމެން ނޫނަސް މި ދުނިޔޭގައި އެހެން މަޙުލޫގުން އުޅޭ، ބައެއްފަހަރު އަހަރުމެންގެ ކުށެއްނެތި ވެސް އެ މީހުން ގޯނާ ކުރޭ. އެ މީހުންނަކީ ދޮގު ހަދާ އޮޅުވާލާ މަކަރުވެރިބައެއް… ލޮލަށް ފެންނަން ކަންކަމަކީ ހަޤީޤަތެއް ނޫންކަން އެނގުނީ މާފަހުން، މަންމަގެ ޒުވާން އުމުރުގައި އެ ފަދަ މަކަރުވެރިކަމެއްގެ އަމާޒުފަތްގަނޑަކަށް ވެގެން ދިއުމުގެ ނަތީޖާ ތި ދެބެންނަކީ… އަބްދުއްރަޢޫފާއި މަންމަގެ ކައިވެނި ކުރެވުނީ ތި ދެބެން ވަރަށް ކުޑައިރު، އެހެންވެ އެއްވެސް ކަމެއް ހަނދާން ނުހުންނަނީ… އަނެއްކޮޅުން މަންމަ ބޭނުންވީ ތި ދެބެންނަށް ވެސް ހަމަޖެހޭ ދިރިއުޅުމެއް ހޯދައިދޭން… އެކަމަކު އަބަދުމެ ހުންނަންޖެހުނީ ބިރުވެރިކަމެއްގެ ތެރޭގައި…” އަރީޝާގެ ވާހަކަ މިފަހަރު މެދުކަނޑާލީ ޒާލިފެވެ.
“މަންމަ ތި ކިޔާ އެއްޗެއް އަހަންނަކަށް އަދިވެސް ނޭނގޭ… ކޮން ބިރުވެރިކަމެއްތަ؟ އިންސާނުންނާއި ކޮން މަޙުލޫގުންނެއްގެ ވާހަކަތަ ތި ދައްކަނީ”
“ދަރިފުޅުމެން ދެބެންގެ ބައްޕައަކީ އިންސާނެއްނޫން. އެއީ ޖިންނިއެއް. އަހަރުމެންގެ ލޮލަށް ފޮރުވިގެން އުޅޭ ބައެއް. މަންމައާއި ބައްޕަގެ ޢާޢިލާމީހުން ނެތި ދިޔައީ އެކަމުގެ ސަބަބުން. ޒާލިފަކީ އިންސާނެއްގެ ހުކުމް ހިނގިޔަސް ޒަލަފްއަށް ހިނގަނީ އެ މީހުންގެ ހުކުމް. މި ހުރިހާ ދުވަހު ޚާއްޞަ ސަމާލުކަމެއް ޒަލަފްއަށް ދޭން ޖެހުނީ އެހެންވެ… ތި ދެބެން ވިހައި ވަގުތު ދަރިފުޅުމެންގެ ބޭނުންވީ ޒަލަފް އެ މީހުންގެ ގާތަށް ގެންދަން، އޭރުން މުޅި އުމުރަށް މި މަންމައަށް ޒަލަފް ގެއްލުނީ. ދަރިފުޅުމެންގެ ކާފައާއި މާމަމެން ފަންޑިތަ ހަދައިގެން ދަރިފުޅުމެންގެ ބައްޕަ ދުރުކޮށްފައި އެ ހުރީ. އެއީ މަންމަ ވެސް ބޭނުންވި ގޮތް… އެކަމުގެ ބަދަލު ހިފީ ޢާއިލާގެ މީހުންގެ ކިބައިން، އަބްދުއްރަޢޫފުގެ ބައްޕައަކީ ފަންޑިތަ ހެދުމަށް ވަރަށް މޮޅު މީހެއް، މިއަދު އަބްދުއްރަޢޫފަށް އެނގިފައި ހުރި ހުރިހާ އެއްޗެއް ދަސްކޮށްދިނީ އޭނާގެ ބައްޕަ، މަންމައަށް އެހީވީތީ އޭނާގެ މައިންބަފައިންނަށް ވެސް ޖެހުނީ މި ދުނިޔެއާ ވަކިވެގެން ދާން… މިހާރު ވެސް އެ މީހުން ތިބީ ބަލަބަލާ… ޒަލަފް އެ މީހުންގެ އަތުގައި ޖެހޭނޭ ވަގުތަކަށް، އަބްދުއްރަޢޫފުގެ ދުވަސްދުއްވާލެވޭނެ އިރަކަށް… އަނިޔާވެރިކަން އިންތިހާ… އެއްވެސް ރަޙުމެއްނެތް ބައެއް… ހީވާ ކަހަލަ އިންސާނުންނަށްވުރެ އެ މީހުންނަކީ މާ މަތިވެރި ބައެކޭ…” އަރީޝާގެ ލޮލުން ވެއްޓެން އުޅުނު ކަރުނަތިކި އޭނާ އަވަސްއަވަހަށް ފުހެލިއެވެ.
ޒާލިފަށް ބަލާލެވުނީ ޖެހިގެން އިން ޒަލަފްއަށެވެ. ހުރިހާ ހަޤީޤަތެއް އެނގުމުން ދެން ހަދާނޭގޮތެއް ބުނާނޭ އެއްޗެއް ވެސް ޒާލިފަކަށް ނޭނގުނެވެ. މަންމަގެ ދިފާޢުގައި ތެދުވަންވީކަމެއް ނޫނީ ޒަލަފް ހިމާޔަތް ކުރަންވީކަމެއް އޭނާގެ ޟަމީރަކަށް ގޮތެއް ނިންމާކަށް ނޭނގުނެވެ. ވިސްނަން އޭނާއަށް ވެސް އިނދެވުނީއެވެ.
“އަހަންނާއި ރަޚަބްއާ ދިމާވެއްޖެ…” ޒަލަފްގެ ދުލުން ބޭރުވެގެން ދިޔަ ލަފުޒުތަކުން އަރީޝާ ހަށިގަނޑުގައިވާ ލޯލިތައް ކޮޅަށް ޖެހިގެން ދިޔަ ކަހަލައެވެ. ކުއްލިއަކަށް ޒަލަފްއަށް ނަޒަރު ހުއްޓާލެވުނެވެ.
“އޭނާ ހުރިހާ ވާހަކައެއް ކިޔައިދިން. އޭނާ ވެސް އެދެނީ އޭނާގެ ދަރިން ގާތުގައި ހުރުމަށް، އެކަމަކު އެހެން އެކަން ނުވާނޭކަމަށް ޚުދު އޭނާ ވެސް ބުނި، އަދި އޭނާގެ ބާރުން ވީކަމެއްނޫންކަމަށް އަހަރުމެން ދެބެން ދެނަސްލަކަށް ނިސްބަތްވާގޮތަށް އުފަންވުމަކީ، އެއީ ޤުދުރަތީ ނިންމުމެއްކަމަށް، އިންސާފުވެރި ނިންމުމެއްކަމަށް… އޭނާ ބޭނުންވީ މަންމަގެ އަތުން ދެ ކުދިން އަތުލާކަށް ނޫންކަން، ހަމައެކަނި ގެންދަން ބޭނުންވީ އެ މީހުން ފަދަ ދަރިފުޅު… އެއީ އަހަރެން…”
“ކިހިނެއް އޭނާ ދަރިފުޅާ ބައްދަލުކުރީ… އޭނާއަކަށް މިގެއަކަށް ނުވަދޭވެނެ… އެހެންނޫނަސް މިހެން އަހަރުމެންނަށް އުޅެން ޖެހުނީ އޭނާގެ ސަބަބުން” އަރީޝާ ހިތްހަމަނުޖެހުން ފާޅުކުރިއެވެ.
“އޭނާއަށް މިގެއަށް ނުވަދެވޭގޮތް ހެދުމަކީ އަހަންނަށް މިގެއިން ބޭރަށް ނުނިކުމެވޭގޮތް ހެދުން. އެނގޭ ފެންސުގެ ވަށައިގެން ވަޅުލާފައި ހުރި އެއްޗެއްސަކީ އަހަރެން މިގޭގައި ބެހެއްޓުމަށް ބައްޕަ ކޮށްފައި ހުރި ކަންތައްކަން. މަންމާ… އަހަރެން މުޅި އުމުރު ގޭގައި ބަންދުކޮށްގެން އުޅެންތަ މަންމަ ބޭނުންވީ… އަހަރެންގެ އަމިއްލަ އުފާތަކާއި އުންމީދުތަކާ މެދު މަންމަ އެއްފަހަރު ވެސް ނުވިސްނަންތަ؟ އަހަރެންގެ ވެސް ހިތެއްވޭ… ވިސްނާނެ ސިކުނޑިއެއް އެބަހުރި… އިހުސާސްތަކާއި އެދުންތަކެއް ވެސް ވޭ… މިގޭގައި އަހަންނަކީ މަރުވެފައިވާ މަސްގަނޑެއް ފަދަ…” ޒަލަފްގެ ވާހަކައިން އަރީޝާ ހިތުގައި ޖެހުނެވެ. ދަރިފުޅަށް ދޭނޭ ޖަވާބެއް އޭނާގެ އަތުގައި ނެތީ ކަންނޭނގެއެވެ. އިންތަނުން ތެދުވެގެން ބަދިގެއިން ނުކުމެގެން ދިޔައި ދެ ލޯ ފުހެމުންނެވެ. ޒަލަފް ތެދުވާން އުޅުމުން އޭނާގެ މުލައްދަނޑީގައި ޒާލިފު ހިފިއެވެ. އެ ދެމީހުންގެ ނަޒަރު ބައްދަލުވި ވަގުތު ޒާލިފު ދެ ފަރާތަށް ބޯ ހޫރާލީ އެވަގުތު އަރީޝާގެ ފަހަތުން ދިއުން ޒަލަފްއަށް މަނާކުރާށެވެ.
ކޮޓަރިއަށް ވަދެވެ ދޮރުލައްޕާލުމާއެކު އަރީޝާއަށް ކަރުނަތައް ނުހިފެއްޓުނެވެ. ބާރަށް ރޮވުމާއެކު އަވަހަށް އަނގަމަތީ އަތްއަޅައިގެން އައިސް އެނދުގައި އިށީނެވެ. އޭނާއަށް ޒަލަފް ނަފުރަތުކުރަނީއޭ ހީވެ ހިތުގައި ތޫނު ރިހުމެއް އުފެދިގެން ދިޔައެވެ. އިސްޖެހިފައި އިނދެ އަރީޝާ ރޮމުން ދިޔައެވެ. އެހެން އިރު އޭނާގެ މާޒީގެ ޞަފުޙާތަކުގެ ތެރެއިން ފާޅުވެގެން އައީ ރަޚަބްގެ ހަނދާންތަކެވެ. މަޑުމަޑުން ދެ ލޯ ފުހެލާފައި މޭގައި އަތްއަޅާލިއެވެ.
“ކޮންފަދަ ރީތިކަމެއް… ދުނިޔެމަތިން އެހާ ލޯބިވާނެ ފިރިހެނަކު އަހަންނަށް ނުލިބޭނެ، ތޫނުފިލި ހައިބަތުބޮޑު ޒުވާނެއް… ޝާހީ ހާންދާނެއްގެ ރަސްދަރިކޮޅެއް ފަދަ” އަރީޝާގެ ހަނދާނަށް އޭނާއާއި ރަޚަބްގެ ފުރަތަމަ ބައްދަލުވުން ސިފަވެގެންދިޔައެވެ.
އަރީޝާ މޫދުން އަރައި ގައިގާ ތަތްވެފައި ހުރި ހެދުމަށް ދަމާލުމާއެކު ހަރުވާޅު ހެދުމުގެ ފަސްބައި އަތަށް ބޮނޑިކޮށްލާ ފެން ފެލާލިއެވެ. އަދި ހިންދެމިލުމުގެ ކުރިން ފެންތިކި ތަޅަމުން ދިޔަ އިސްތަށިގަނޑު ވެސް އެއްފަރާތަށް ފޮޅާލާފައި އަތަށް ހުރިހާ އިސްތަށްޓެއް ގެނެސް ޖަމާކޮށްލި ވަގުތު މަގޫ ގަސްތަކުގެ ތެރެއިން އަތިރިމައްޗަށް ނުކުމެ ހުރި ޒުވާން ފިރިހެނަކު އަރީޝާއަށް ނަޒަރު ހުއްޓާލައިގެން ހުރިތަން ފެނުނެވެ. އެހިނދު ވަގުތުން ކޮޅަށް ތެދުވެވުނެވެ. އަދި އެ ޒުވާނާއާ ހަތަރުކަޅި ބައްދަލުވި ވަގުތު އޭނާ ބަދަލުކޮށްލި ހިނިތުންވުން ހީވީ އެ ފިރިހެންވަންތަ ތުންފަތުން އުދުހިގެން އައިސް އަރީޝާގެ މައޫސޫމު ހިތުގައި ޖެހިގަނެ ވަކިހިއްޕާލި ހެނެވެ. ހިތަށްއައި ލޮޅުމާއެކު އޭނާއަށް ދެ ފަރާތަށް ބޯހޫރާލަމުން އަވަސްއަވަހަށް އެސްފިޔަ ޖަހާލެވުނެވެ. އަދި އެ ޒުވާނާއަށް ކުޑަކޮށް ފުރަގަސްދެމުން އެނބުރިލިއެވެ.
“އަހަރެން މޫދުން އެރި އިރު ވެސް އެމީހަކު އެތަނުގައި ހުރިބާ؟ އެކަމަކު އަރައިގެން އަންނައިރު އެތާ މީހަކު ހުރިނަމަ ލޮލުގައި އަޅައިގަތީސް” އިސްތަށިގަނޑުން ފެންފޮޅަމުން އަރީޝާ އޭނާގެ ޟަމިރާ ވާހަކަދެއްކިއެވެ. އަދި މަޑުމަޑުން އެނބުރި އެ ޒުވާނާއަށް ބަލާލިއެވެ. އޭރު ވެސް އޭނާ ހުރީ އަރީޝާއާށް ބަލަހައްޓައިގެން ހިނިތުންވެލައިގެންނެވެ. ހިތަށް ބިރުވެރިކަމެއް ވަންނަވަރަށްވުރެ އެ ޒުވާނާގެ ރީތިކަން މާ ފުރިހަމައެވެ. އަމިއްލަ ހިތް ވެސް އޭގެ ޒާތުން ނެއްޓި އެ ރީތިކަމަށް ފިދާވެދާހާ ވެއެވެ. ހަޔާތުގެ ތޭވީސް އަހަރު ރަށުގައި މައިންބަފައިންގެ ގާތުގައި ހޭދަ ކުރިއިރު ވެސް އެފަދަ ރީތި ޒުވާނަކު ރަށުތެރެއިން އޭނާއަށް ފެނިފައެއްނުވެއެވެ. އެހެންވެ އެއީ ކާކުތޯ ހޯދުމަށް އަރީޝާގެ ހިތް ޝައުގުވެރިވީއެވެ.
މެންދުރު ވާންވާއިރަށް އެންމެން ހެން މޫދުން އަރައިގެން ގޭ ދޮށަށް ދިއުމަށް ހިނގައިގަތެވެ. އޭރު ރަށުގައި ބޮޑެތި މަގުތައް ހަދާ ތާރު އެޅުމުގެ މަސައްކަތްތައް ފަށާނޭ ދުވަހެއް ވެސް ނޭނގެއެވެ. އެހެންވެ އެ ހިސާބުގައި ގަސްތައް ބޯވެ ވައުހެދިފައި ވެއެވެ. ފައިތިލަ ޖެހިޖެހި ހެދިފައި އޮތް ހިމަހިމަ މަގުން އެންމެން ކުރިއަށް ދިޔައިރު އަރީޝާއަށް ހުރެވުނީ އަތިރިމަތިން އެ ފެނުނު ޒުވާނާއާ މެދު ވިސްނާށެވެ.
“މިހިރަ ގަހުގައި ދޮންވެފައި އޮތްހާ މަދު ބަލާބަލަ” ގުރޫޕުގެ ތެރެއިން ސަލީމާ ބުންޏެވެ. އެއާއެކު ދެންތިބި އެންމެން ވެސް ދޮންމަދު ބިންނަން ވެއްޖެއެވެ. އެކަކުގެ އަތެއް ވެސް ނުފޯރިއެވެ. އެއާއެކު އެކަކު އަނެކަކަށް ދިމާ ކުރަން ފަށައިފިއެވެ. ރަށުގައި އުޅޭ ޒުވާން ފިރިހެން ކުދިންނާ އަޅުވާ ކިޔަމުން ދިޔައެވެ. އެމީހުންގެ ތެރޭގައި ހުރި ވަހީދާ ތަންކޮޅެއް ބާރަށް އަރީޝާއަށް ގޮވާލިއެވެ. މާ މަޑުމަޑަކުން ހުންނާތީ އެކަމާއެވެ.
“މީނާ ދޮންމަދުކާހިތުން ލޮލުފިޔަވެސް ނުޖަހާނެ، އެކަމަކު މިއަދު މި އިން މަދެއް ފެނިފައި ވެސް އަސަރެއްނުކުރި” ވަހީދާ ބުންޏެވެ.
“ކަލޭމެންނަށް ނޭނގެނީ، މަށަށް ވެސް މިހާރު ހީވާ ކަހަލަ އެއީ ދުނިޔެމަތީގެ ކަމެއް ނޫންހެން” ޚިޔާލީ ގޮތަކަށް އަރީޝާ ބުނެލިއެވެ.
“ކޮންކަމެއްތަ؟ ކޯނޗެއްތަ؟” ނިކަން އަވަހާ ހުރިހާ އެންމެންގެ އަޑުތައް އައެވެ.
“ކަލޭމެން ނުދެކެންތަ؟ ޤައިމު އެ ހުރިހާ އިރު އޭނާ ހުރީ އަތިރިމަތީގައި…” ރަކި ހީނލުމަކާއެކު އަރީޝާ ވާހަކަދެއްކިއެވެ.
“ނުވެސް ދެނަހުރިން… އަނެއްކާ ކާކުތަ؟” ސަލީމާ ހައިރާންވެ އަންތަރީސްވިއެވެ.
“އަނެއްކާ ތިއުޅެނީ ނުބައި މީހަކު ފެނިގެން ތޯއްޗެ… އިންސާނެއްތޯ ޔަޤީންކުރިންތަ؟ އޭރުވެސް ބުނީމެއްނު އަހަރުމެންނާއެކު މޫދުން އަރަން މަޑުކުރާށޭ” އެންމެންގެ ތެރެއިން އެންމެ ދޮށީ މާހިރާ ބުންޏެވެ.
“ނޫނޭ، މަށަށް ވެސް ހީވި އަތިރިމަތީގައި މީހަކު ހުރިހެން، އެކަމަކު މާބޮޑަކަށް އެކަމާ އަޅައެއްނުލެވުނު…” ހަސީނާ ބުންޏެވެ.
“ތިޔަހެން ވީރު އެ ވާނީ އަހަރުމެން އަބަދު މޫދަށް އެރެން އެ ހިސާބަށް އަންނަކަން އެނގޭ ސޮރަކަށް. ޔަޤީނޭ އަރީޝާގެ ބޯކޮޅުބަލަމުން ހިނގާ ސޮރަކަކަށް އެ ވާނީ” މިހެންބުނެ ވަހީދާ ހީނގަތެވެ.
“ކީއްވެތަ އޭނާ ފޮނުވާލީ، އަހަރުމެންނާ ބައްދަލުކޮށްދިންނަމަ، އޭނާ ހުރިނަމަ މިހިރަ ގަހުން މަދުކޮޅެއް ވެސް ލިބުނީހެންނު” މާހިރާ ބުންޏެވެ.
“އަރީއަށް ކަމުދާނެ އެއްޗެއްކަން އެނގިއްޖެއްޔާ ގަހަށް އަރައިގެން ވެސް ބިނދެދިނީސް، އަހަރެން ހިތަށް އަރާ ރަށުގައި އެ ތިބަ ރީތި ޒުވާން ފިރިހެނުން ގުޅެން ބޭނުންވެގެން އުޅޭއިރު މީނާ ކުޑަ ވެސް ޝައުގެއް އެއިން މީހަކަށް ނުދައްކަނީ ކީއްވެބާއޭ… ކާކު ލިބޭނޭކަމަށްތަ ތި މަޑުކުރަނީ… އަހަރުމެން އެންމެން ނިކަން ދެކެބަލަ… މިހާރު ހަސީނާ އޭނީ ފުރަތަމަ ދަރިފުޅަށް ބަލިވެ، އަންނަމަހު އަހަރެން ކައިވެނި ކުރާނަން، މާހިރާ މީހަކާ އިނދެ ދަރިއަކު ވެސް ހޯދައިފި، ދެން ހުރީ ސަލީމާ…” ވަހީދާގެ ވާހަކަ މިހިސާބަށް ދިޔަތަނާ ސަލީމާ ވާހަކަދައްކަން ފެށިއެވެ.
“މަވެސް އާދަނު ރަށަށް އަންނަހާ އަވަހަކަށް ދަރިއަކު ހޯދާފައި ދެން އޭނާ ފޮނުވާލާނީ” ސަލީމާ މިހެން ބުނުމުން އެންމެން އެއްފަހަރާ ހީނގަތެވެ.
އޮލަވާހަކައިގައި މިދިލިގަސްދޮށުގައި ތިބެފައި ހިނގައިގަނެގެން ދެ ފޫޓެއްހާ ހިސާބަށް ވެސް އެންމެނަށް ނުދެވެނީސް މިދިލިގަސްދޮށަށް އެއްޗެހިތަކެއް ވެރިގަތް އަޑުފަށްގަނޑު އިވި އެންމެންއެމެނަށް އެކި އެއްޗެހި ކިޔަމުން ހަޅޭލަވައިގަނެއްޖެއެވެ. އަދި އެނބުރި އެ ދިމާއަށް ބަލަންފެށިއެވެ. ބިރުކުޑަކޮށްލާފައި މާހިރާއާއި ސަލީމާ އެކަކުއަނެކަކުގެ އަތުގައި އޮޅުލައިގަނެގެން ކަހަލަ ގޮތަކަށް ތިބެ މިދިލިގަސްދޮށް ބަލަން ދިޔައެވެ.
“ކަލޭނޭ… އާދެބަލަ ނިކަން…. އޭތް! ކޮންމެ މީހެއްގެ ހެނދުމުގެ ފަސްބައި ކޮށިކުރޭ، މިއަދު ދާންވާނީ ފުރާލައިގެން. މިކަހަލަ ރޯއްޖެއް ކޮންމެކޮންމެ ދުވަހަކު ނުލައްވާނެ” ފޯރިއާއެކު މާހިރާ ބުނެލިއެވެ.
ގަސްދޮށަށް ވެރިފައި އޮތްހާ ދޮންމަދުތައް ފެނިފައި އަރީޝާއަށް ބަލާލެވުނީ ގަހާ ދިމާއަށެވެ. މިހާރު އެ ގަހުގައި އެންމެ ދޮންމަދެއް ވެސް ނެތް ކަހަލައެވެ. ހައިރާންކަން ލިބުމާއެކު ވަށައިގެން ނަޒަރު ހިންގާލެވުނީ ކީއްވެކަމެއް ޚުދު އޭނާއަކަށް ނޭނގެއެވެ. އެންމެންތައް މަދުތައް ނަގާ ފަސްބަޔަށް އަޅަމުން ދިޔައެވެ. އަރީޝާއަށް ވެސް އެ ތަނުން މަދެއްގައި އަތްނުލާ ހުންނާކަށް ކެތެއްނުވިއެވެ. މުރާކިއާއި ކެކުރި ބިންނަން ދިއުމާއި ދޮންމަދު ހޮވަން ދިއުމަކީ އަރީޝާ މާ ކުރާހިތުން ކުރާ ކަމެކެވެ. ލައިގެން ހުރި ހެދުމުގެ ފަސްބަޔަށް އެޅޭވަރަށް މަދުކޮޅު އަޅާފައި ދެމޭފޮތީގެ ހެދުމުގެ ފަސްބައިން ގޮށެއް ޖަހައިއެވެ. އެއާއެކު ވަށްބޮނޑިއެއްހެން ކުރިމަތިން ފަސްބައި އެލިފައިއޮތެވެ.
އެ ދުވަހަށްފަހު އަތިރިމަތިން އެ ޒުވާނާއާއި އަރީޝާއާ ބައްދަލުވެއެވެ. ނަމަވެސް ވާހަކައެއްނުދައްކައެވެ. ހިނިތުންވެލުމާއި ސިހުރުވެރި ބެލުންތަކުން އަރިޝާގެ ހިތުގައި ކޮއްޓަމުން ދިޔައެވެ. އެގޮތަށް އެއްދުވަހެއްގެ ހަވީރު ފިނީގައި އެކަނިމާ އެކަނި ގޭކައިރިން އަތިރިއަށް އެރެން އޮތް މަގުން އަރީޝާ އައިސް އައިސް ހުއްޓާ ވައަތްފަރާތު ގަސްތަކުގެ ތެރެއިން އެއްޗެއް އައިސް ގައިގާ ޖެހުމުން ސިހިފައި ކޮނޑުމަތި ފޮޅާލަމުން ދުރަށް ޖެހިލިއެވެ. އެހިނދު އެ ދިމާއަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. ނަމަވެސް މީހަކު ނުފެނުނެވެ. ވަށައިގެން އޮތީ ތަފާތު ހިމޭންކަމެއް ވެރިވެފައެވެ. އެކަން އަރިޝާއަށް ވެސް ފާހަގަކުރެވުނީ ދެނެވެ. އެހެންޏާ އެ މަގަކީ ފަޅުވެފައި އޮންނަ މަގެއް ނޫނެވެ. ޚާއްޞަކޮށް ކުދިވެރިން ހަވީރަށް އަތިރިއަށް ފައިބާ އުޅޭތަން ފެންނާނެއެވެ. ގައިގާ ޖެހުނު އެއްޗެއް ބަލާލުމަށް ފައިދޮށް ބަލާލުމާއެކު އަރީޝާގެ ލޮލުގައި އަޅައިގަތީ ބިންމަތީގައި އޮތް ބޮކަރުމަލެވެ. އެއީ މީގެ ކުރިން ރަށުގެ ގެއަކުން އަރީޝާ ދުށް މަލެއް ނޫނެވެ. ރީނދޫކުލައިގެ އެ މައު ނަގައިގެން އަރީޝާ ހިނގައިގަތެވެ. ނޭފަތުގައި މައު ޖައްސާނުލިޔަސް އެ މަލުން މަޑުމަޑު މީރުވަހެއް ދުވަމުންދިޔަކަން އަރީޝާއަށް އިހުސާސް ކުރެވުނެވެ. ދެއަތުން މަލާ ކުޅެމުން އަތިރިމައްޗަށް ނުކުން އަރީޝާއަށް ހުއްޓެވުނީ ފުރަގަސްދީގެން އަތިރިމަތީގައި ހުއްޓި ހުރި ޒުވާނާ ފެނިފައެވެ. ވަށައިގެން ބަލާލިއިރު އޭނާ ފިޔަވައި އެ ސަރަޙައްދަކުން މީހަކު ފެންނާކަށް ނެތެވެ. ފުރިހަމަ އިސްކޮޅަކާއި ލާފައި ހުރީ އާންމުކޮށް ފިރިހެނުން ލާއުޅޭ ފަދަ ގަމީހަކާއި ބޯފޮތީގެ ފަޓުލޫނެކެވެ. ކަޅުކަން ގަދަ އިސްތަށިގަނޑެއް ލިބިފައިވާ އެ ޒުވާނާގެ ގަމީހުގެ ގިރުވާން އިސްތަށިތަކުގެ ކޮޅުން ފޮރުވިފައިވެއެވެ. އެއީ ކާކުކަން ނޭނގުނަސް އަރީޝާއަށް އެއީ ދަންނަ މީހެއްހެން ހީވިއެވެ. އަތިރިއަށް ފައިބަން ހިތަށް އަރާފައި ވެސް މަޑުކޮށްލައިގެން ހުއްޓާ އަރިޝާގެ ނަމުން ފިރިހެނަކު ގޮވާލި އަޑުއިވުނެވެ.
“އަހަންނަށް ކިޔަނީ ރަޚަބް، ތީ އަރީޝާއެއްނު، އަހަރެން މިހުންނަނީ އަރީޝާގެ އިންތިޒާރުގައި” ފުރަގަސްދީގެން ހުރި ޒުވާނާ އެނބުރި އަރީޝާއާ ކުރިމަތިލާފައި ވާހަކަދެއްކިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި އަރީޝާއަށް ހުރެވުނީއެވެ.
އެ ދުވަހަކުގެ ބައްދަލުވުން ނިމިގެން ދިޔައީ ރަޚަބްގެ ހިތުގެ ހާލު އަރީޝާއަށް ހާމަކޮށްދީފައެވެ. އަރީޝާގެ ފަރާތުން ޖަވާބަކަށް ރަޚަބް އިންތިޒާރުކުރާކަމުގައި ބުނެފައެވެ. އަދި ފުރަތަމަ ބައްދަލުވުމުގެ ހަނދާނަކަށް ކެޔޮފަތުގެ ގޮށްޓަކަށް އަޅާފައި ހުރި މީރުވަސް ދުވާ އެކި ކަހަލަ މައުތަކުގެ ގުލްދަސްތާއެއް އަރީޝާއަށް ހަދިޔާކޮށްފައެވެ. ހިތާއި ހަށިގަނޑުގެ ވިންދު އަވަސްވެފައިވާއިރު އަރީޝާގެ ސިކުނޑި ވެސް އެބާރު މިނުގައި މަސައްކަތް ކުރަމުން ދިޔައެވެ. އަމިއްލަ ޟަމީރުގެ އިތުރުން އެކުވެރިންގެ ދިމާކުރުންތައް މަތީން ހަނދާންވެ މީހަކާ އިންނަންވެއްޖެކަމުގައި އަރީޝާއަށް ވެސް ވިސްނުނެވެ.
ރަޚަބްއާއެކު ރަށުގެ އެކި ދިމާގައި ބައްދަލުވުންތައް ކުރިއަށް ދާންފެށިއެވެ. ހުރިހާ ގޮތަކުން ވެސް ރަޚަބްއަކީ ފިސާރި ޤާބިލު ޒުވާނެއްގެ ގޮތުގައި އަރީޝާއަށް ސިފަވިއެވެ. ތަޢުލީމީ އަދި މަސައްކަތްތެރި ޒުވާނެކެވެ. އަރީޝާގެ މައިންބަފައިންނަށް ހުރިހާ ގޮތަކުން ވެސް ރަޚަބް ކަމުދާނެކަމުގެ ޔަޤީންކަން އޭނާގެ އަމިއްލަ ނަފްސަށް އޮތެވެ. އޯގާތެރި ލޯބިވާން އެނގޭ ފިރިއަކަށް ރަޚަބްވާނޭކަން އަރީޝާ ޤަބޫލުކުރެއެވެ. އެހެންވެ މައިންބަފައިންނާ ހަމައަށް ރަޚަބްގެ ވާހަކަ އަރީޝާ ގެންދިޔައެވެ. އޭނާ ބޭނުންވަނީ އެކުވެރިންނަށް ވެސް ބޮޑު ހައިރާންކަމެއް ގެނުވާށެވެ. އެކަކަށް ވެސް ނޭނގި ކައިވެނި ސަޔަށް އެންމެނަށް ދަޢުވަތު ދޭން އަރީޝާ ނިންމާފައިވާތީއެވެ.
ދޮންމުޙައްމަދު ދީދީއާއި އަބްދުﷲއާ ދެ މީހުން މަރިޔާދުގޭ އުނދޯލީގައި ތިބީ ދުފާށެވެ. ބޭރުގައި އުޅެފައި އަރީޝާއަށް ގެއަށް އާދެވުނީ އެވަގުތުއެވެ. އޭނާ ފެނުމާއެކު އަބްދުﷲގެ ހިތުގައިވާ އެއްޗެއް ދޮންމުޙައްމަދުގެ ގާތުގައި ފާޅުކޮށްފާނޭކަން އަރީޝާއަށް އެނގޭނީ ކިހިނެއް ހެއްޔެވެ. އޭނާ އެތެރެއަށް ވަދެގެން ދިޔަގޮތަށް ދިޔައީއެވެ. ރޭގަނޑުގެ ކެއުން ނިންމާފައި މަރިޔާދުގޭ އުނދޯލީގައި ދުންބޯން އިނދެ ދޮންމުޙައްމަދު ދީދީ އޭނާގެ ދަރިފުޅު އަރީޝާ ގެނެސް ކައިވެނީގެ ވާހަކަދައްކަން ފެށިއެވެ. އޭރު އަރީޝާގެ މަންމަ ސަފިއްޔާ އޮތީ އަރީޝާ ވެސް ކައިވެންޏެއް ކުރަން ބޭނުންވެފައި ހުރިކަން ނުބުނެއެވެ. ދޮންމުޙައްމަދު ދީދީއަށް އަބްދުﷲގެ ހަގު ފިރިހެން ދަރިފުޅު އަބްދުއްރަޢޫފާއި އަރީޝާގެ ކައިވެނި ކުރަން ފެންނަ ކަމުގައި ބުންޏެވެ. އެކަމުގައި އަރީޝާގެ ޚިޔާލު ހުރި ގޮތެއް ބޭނުންވާކަމުގައި ބުންޏެވެ. އެއަޑު ސަފިއްޔާއާއި އަރީޝާއަށް އިވުމާއެކު އެކަކު އަނެކަކަށް ބަލާލިއެވެ.
“ކިހިނެއްވީ؟ އޭނާ ކަމުނުދަނީތަ؟” ދޮންމުޙައްމަދު ދީދީ ނޮޅި އަނގަޔާއި ދުރުކޮށްލާ ދުންތައް އެއްފަރާތަށް ދޫކޮށްލާފައި ވާހަކަދެއްކިއެވެ.
“އެއީ ރަނގަޅު ސޮރެއް، އެކަމަކު އެމަންޖެ މިހާރު ބައިވެރިއަކު ހޯދައިގެން އުޅެނީ. އަހަންނަށް ދީދީ ގާތު އެ ވާހަކަ ނުބުނެވިފައި އޮތީ” ކުށްވެރިއަކުހެން މަޑުމަޑުން ސަފިއްޔާ ބުނެލިއެވެ. އޭރު ވެސް އުނދޯލީގެ އެއްފަރާތުގައި އަރީޝާ އިށީނދެގެން އިސްޖަހާލައިގެން އިނެވެ.
(ނުނިމޭ)