( ހީވޭ ކަލާ ވާހެން، މި ވާހަކައަކީ 8 މެއި 2016 އިން 29 ޑިސެމްބަރ 2017 އަށް ޖުމްލަ 89 އެޕިސޮޑްގެ ގޮތުގައި ވީނިއުސްގައި ޝާއިރު ކުރެވުނު ވާހަކައެއް. )
“ޒަލަފް ތި ޖަލުން ނުކުމެ މިނިވަން ވާނޭ ދުވަހަކަށް އަހަރެން އިންޒާރުކުރާތާ ވަރަށް ގިނަ ދުވަސްވެއްޖެ. އެކަން ވެސް ދެން މާގިނަ ދުވަހެއްނުވެ ފުރިހަމަ ވެދާނޭކަން މިހާރު އެނގިއްޖެ… އެ އަންހެންކުއްޖަކީ ލެއްވި ނަސީބެއް” ބެހެމަތް ބުނެލިއެވެ. އޭނާގެ މި ބުނުމުން ޒަލަފްއަށް ހައިރާންކަމެއް ލިބިގެން ދިޔައެވެ.
“ކީއްވެ ކަލެއަށް ނަސީބަކަށްވާންވީ… އޭނާ އައީ ކަލޭއާ ބައްދަލުކުރާކަށް ނޫނެއްނު” ޒަލަފް މިހެން ބުނުމާއެކު ބެހެމަތް ހީނގަތެވެ. އަދި މަޢުނަވީ ބަލާލުމަކުން ޒަލަފްއަށް ބަލާލިއިރު ހީވީ އެ ދެ ލޮލުގެ ވިދުން ވަކިން ގަދަވެފައި ހުރި ހެންނެވެ. ލޭރަތް ކުލައިގެ ދެ ކަޅީގައި އާދަޔާ ޚިލާފު ބާރެއް ހުރި ކަހަލައެވެ. ޒަލަފް ދެ ބުމަ ކައިރިކޮށްލުމާއެކު ބެހެމަތްއާ ނަޒަރު ވަކިކޮށްލިއެވެ.
“ހުރިހާ ކަމެއް ވެސް ވަރަށް އަވަހަށް އެނގޭނެ. އަހަރެން މި ދައްކާ ވާހަކަތައް އޭރުން ފަހުމްވެދާނެ… އޭރުން ޒަލަފްއަށް އެނގޭނެ އަހަންނާއި ޒަލަފްއަކީ ކިހާ ގާތް ދެ މީހުންކަން… ތެދަށް ބުނަންޏާ މިހާރު ވެސް އުފަލުން ހުރެވެނީއެއްނޫން… ޚާއްޞަކޮށް މިއަދު ޒަލަފް ތި ދިން ޚަބަރަކުން އަހަރެން ދެކެމުން އައި ހުވަފެން ހަޤީޤަތަކަށް ވެދާނޭކަން އެނގިއްޖެ… ޒަލަފް ހާސްނުވޭ… ކޮންމެ ގޮތަކުން ވިޔަސް ޒަލަފް ތި ތަނުން ސަލާމަތްކުރާނަން. ކުރިއަށް އޮތް ތިންދުވަހުގެ ތެރޭ ޒަލަފް ބޭނުންވާ ފަދައިން ތިއީ މިނިވަނަކަށް ހަދައިދޭނަން” ބެހެމަތްގެ ވާހަކަ ހުއްޓުމަކަށް އައީ ޒަލަފް ވާހަކަދައްކަން ފެށީމައެވެ.
“ކަލޭ ހާދަ އަނގަ ގަދައޭ ދޯ…. ކޮންހާ ބޭކާރު ވާހަކައެއްތަ ތި ދައްކަނީ. ކަލޭގެ ހުވަފެން ކަލޭ އަމިއްލައަށް ބަލަން ބާއްވާ، ކޮންމެގެން އެކަމުގެ ވާހަކަ އަހަރެންގެ ގާތުގައި ދައްކާނޭކަމެއްނެތް. ވަޢުދުވިފަދައިން ކަލޭ ކުރަން ބުނި ކަންކަން ކަލޭ ކުރޭ… އަހަރެން ކަމެއް ކުރަންޖެހެންޏާ އެކަމެއް ބުނޭ… އޭރުން އަހަރެން އެކަމެއް ކޮށްފާނަން”
“އާދައިގެ މީހެއްނަމަ ތިގޮތަށް އަހަންނާ ދިމާއަށް އެންމެ ލަފުޒެއް ބުނުމުގެ ހުއްދަ ވެސް ނުދޭނަން… ދޫ ބުރިކޮށްލާނަން” ކުއްލިއަކަށް ބެހެމަތްގެ އަޑު ބަރުވުމާއެކު އޭނާ ވާހަކަދެއްކީ ޒަލަފްއަށް ފުރަގަސްދީގެން ހުރެއެވެ.
“އަޑު ވެސް ބަދަލުކޮށްލީ އަނެއްކާ ރުޅި އައީތަ؟” ޒަލަފް އަހާލިއެވެ.
“ޒަލަފްވިއްޔާ… ކިހިނެއް ރުޅި އައިސްގެން ގިނައިރު ހުންނާނީ… އެކަމަކު ޒަލަފް އަހަރެން މިތަނުގައި ހުންނާކަށް ބޭނުމެއްނުވޭ. އެހެންވީމަ އިހަށް ދެން ދަނީ… އަހަރެން އައިސްފައި ގޮވީމަ ނުކުންނަންވާނެ… ދެން އަންނާނީ ކަންތައް ކުރަންވީ ގޮތް ކިޔައިދޭން” ފުރަގަސްދީގެން އިރުކޮޅަކު ހުރެފައި ބެހެމަތް އެނބުރި ޒަލަފްއަށް ބަލާލަމުން ހިނިތުންވެލިއެވެ.
“ދަންވަރު އައިސް ގޮވައިގެން ނުވާނެ. ގޮވިޔަސް ނުނިކުންނާނަން… ކޮންމެވެސް އެހެން ގަޑިއަކު ވާނީ އަންނަން” ޒަލަފް ބުނެލިއެވެ.
“ބަލާފައި އެއްޗެއް ބުނަން އެނގޭނީ…” ބެހެމަތް މިހެން ބުނުމުން ޒަލަފް އަނގަޔަކުން ނުބުންޏެވެ. އޭނާ ބަލަން ހުއްޓާ ބެހެމަތް އެނބުރި އައިސް ގަހާ ނިވާ ވުމާއެކު އޭނާ ގެއްލިއްޖެއެވެ.
“ޒަލަފް” އަބަދުއްރަޢޫފު ގޮވާލި އަޑު ޒަލަފްއަށް އިވުނީ ބެހެމަތް ގެއްލުނު ތަނާއެވެ. އެއާއެކު ބެހެމަތްއަށް ވީ ކިހިނެއްކަން ކޮންމެވެސް ވަރަކަށް ޒަލަފްގެ ސިކުނޑިއަށް ނަގައިގަނެވުނެވެ.
“އެއީ ޖިންނި ކުއްޖެއްކަންނޭނގެ… ބައްޕަ އަންނަކަން އެނގިގެން ކަންނޭނގެ އަވަހަށް އެ ދިޔައީ… އެކަމަކު ބުނާނެ ބިރެއް ނުގަނެޔޭ… ބިރު ނުގަންނަނަމަ ކީއްވެބާ އެ ފިލީ” ޒަލަފް އޭނާގެ އަމިއްލަ ޟަމީރާ ވާހަކަދައްކަމުން އަބްދުއްރަޢޫފުގެ ގާތަށް އައެވެ.
“ކޮން ފިކުރެއްގައި” އަބްދުއްރަޢޫފާ އަރާ ހަމަކުރި ޒަލަފްގެ ގާތުގައި އޭނާ އަހާލިއެވެ. ހިމޭންކަން ޚިޔާރުކުރަމުން ޒަލަފް ދެ ފަރާތަށް ބޯހޫރާލިއެވެ. އަދި އަބްދުއްރަޢޫފާއެކު ގޭތެރެއަށް ވަދެގެން ދިޔައެވެ.
* * * *
ޑިއުޓީ ނިންމާފައި ހޮސްޕިޓަލުން ޔަލާ ނުކުމެ އޭނާގެ ސްކޫޓަރަށް އަރަން ދިޔައެވެ. އޭނާގެ ފަހަތުން ރީހާން ވެސް ހޮސްޕިޓަލުން ނުކުންކަން ޔަލާއަށް އެނގުނީ ޕާކިން ސަރަޙައްދުގެ ތެރެއަށް ވަދެގެން އައިސް ޔަލާގެ ގާތުގައި ރީހާން މަޑުކޮށްލުމުންނެވެ.
“ހާދަ އަވަސްއަރުވާލާފައި… އަހަރެން ޔަލާއަށް ގޮވާ ވެސް ލީން… އަނގައިން ނުބުނީ އަނެއްކާ ހިތްހަމަނުޖެހިފައިތަ” ރީހާންގެ ނަޒަރު ސީދާ ޔަލާއަށް އަމާޒުކޮށްލައިގެން ހުއްޓެވެ.
“ރީހާން ގޮވާލި އަޑެއް ސީރިއަސްކޮށް ވެސް ނީވޭ. އިވުނު ނަމަ އަހަރެން މަޑުނުކޮށް ނާންނާނެއެއްނު. ކަމަކުތަ ގޮވާލީ؟” ޔަލާ ބުނެލިއެވެ.
“މާބޮޑު ކަމަކު ނޫން، އެކަމަކު ކުޑަ ވެސް ކަމެއްނޫން އެއީ… ޔަލާ… އަހަންނާއެކު… ކޮފީއަކަށް ދާން ކެރިދާނެތަ؟” ރީހާން ޖެހިލުންވެފައި ހުރެ ވެސް ހިތުގެ އެދުން ދުލުން ބޭރުކޮށްލިއެވެ.
ޖަވާބެއްދޭން ޔަލާއަށް އިރުކޮޅެއް ނެގިއެވެ. އޭނާ ރީހާންއަށް ބަލާލީ ގޮތެއް ނިންމަން ނޭނގިގެން ކަހަލަ ގޮތަކަށެވެ. ރީހާންއާއެކު ތަންތަނަށް ދިއުމުން ނުކުމެދާނެ ނަތީޖާއަކާ ވެސް ޔަލާއަށް ވިސްނަން ޖެހުނެވެ.
“ރަޙުމަތްތެރިއަކާއެކު ކޮފީއަކަށް ދާން ޖެހުމުން ހާދަ ވަރަކަށް ތި ވިސްނަނީ… މީހާ ތިހިރަ ދާހިއްލަން ފެށީއެއްނު… ޔަލާ ދާން ބޭނުންނުވަންޏާ ނޫނެކޭ ބުންޏަސް އެންމެ ރަނގަޅޭ… އަހަރެން ޤަބޫލުކުރާނަން” ރީހާން ހިނިތުންވެލައިގެން ހުއްޓެވެ.
“އިޓްސް އޯކޭ… ކޮންއިރަކު ދަނީ” ހަމަޖެހޭ ގޮތް ދައްކަމުން ޔަލާ އަހާލިއެވެ.
“މާދަމާ ރޭ ނުވައެއް ޖަހާއިރު ކިހިނެއްވާނީ”
“މާދަމާ ރޭ އެބައޮތް ކަމެއް… ބުރާސްފަތި ދުވަހުގެ ރޭ ކިހިނެއްވާނެ” ޔަލާ ނޫނެކޭ ބުނަން ނުކެރިގެން ބުނެލިއެވެ.
“އެންމެ ރަނގަޅު… ހަނދާންނައްތާ ނުލައްޗޭ…” ރީހާން ތަންކޮޅެއް ބޮޑަށް ހިނިތުންވެލިއެވެ. ޔަލާ ވެސް ހިނިތުންވުމެއް ބަދަލުކޮށްލުމާއެކު ބޯޖަހާލިއެވެ. އަދި ރީހާން އޭނާގެ ކާރާ ދިމާއަށް ހިނގައިގަތުމުން އަވަސް އަވަހަށް ސްކޫޓަރަށް އަރައި ދުއްވާލިއެވެ.
ޔަލާގެ ހަވީރުގެ ވަގުތު ހޭދަވެގެން ދިޔައީ ސިތާރާއާއެކު ފޮތިކޮޅެއް ގަތުމުގައެވެ. މަޤުރިބު ނަމާދަށް ގޮވުމުން ދެ މީހުން އައިސް ގެއަށް ވަންއިރު ސޯފާގައި ތެލުލު ބަބުކެޔޮ އަޅާފައި ހުރި ތަށްޓެއް އުނގަށް ލައިގެން ލުހާ އިނެވެ.
“ކޮބާ ފޮތިކޮޅެއް ލިބިއްޖެތަ؟” ސިޓިންރޫމުގެ އެއްފަރާތުގައި ހުރި މޭޒެއްގެ މަތީ ފަހާފޮށި ބަހައްޓައިގެން އެއާ ކުޅެން އިން ޞާބިރާ ލޮލުގައިވާ އައިނުގެ މަތިން ޔަލާއާއި ސިތާރާއަށް ބަލާލަމުން އަހާލިއެވެ. އެހިނދު ސިތާރާގެ އަތުގައި އޮތް ފޮތިކޮތަޅު ޞާބިރާއަށް ދައްކާލިއެވެ. އަދި އެ ގެނެސް މޭޒުމަތީ ބެހެއްޓިއެވެ.
“ޞާބިރައްތަ ބުނިވަރަށް ފޮތިގަތީ… މާދަމާ ރެއަށް ނިމޭނެތަ؟” ސިތާރާ ބުންޏެވެ.
“ތީ ސިތާރާގެ އާދައެއްނު… ފޫކޮޅުގައި ރޯވީމައި އުޅޭނީ ކޮންމެކަމެއް ކުރަން… ދެން ޞާބިރައްތައަށް ޖެހޭނީ ފަހައިދޭކައްނު”
“ޞާބިރައްތަ ފަހައިދޭނެކަން އެނގޭތީއޭ އެހެން ހެދެނީ” ހީނގަންނަމުން ސިތާރާ ބުންޏެވެ.
“މަންމާ! މީ ކޮންގެއަކު ބަނބުކޭލެއްތަ” ލުހާގެ އުނގުގައިވާ ތަށިން ތެލުލި ބަނބުކެޔޮ ފޮއްޗެއް ނަގައި ހަފާލަމުން ޔަލާ އަހާލިއެވެ.
“މިއަދު ސަމީނާ އައިސްފައި އެ ދިޔައީ…” ފޮތިކޮތަޅު ހާވަމުން ޞާބިރާ ބުނެލިއެވެ.
“އެއީ ކާކު؟” ޔަލާ ސުވާލުކުރިއެވެ.
“ރުގިއްޔާ ދައިތަމެންގޭ ސަމީނައްތައެއްނު އެއީ… ޔާލްއަށް ނޭނގޭތަ… އަހަރުމެން ކުޑައިރު މިގެއަށް އާދެއެއްނު. އެގޭ ޖޫލީއާއެކު ކުޅެން އުޅެމެއްނު” ލުހާ ހަނދާން ކުރަމުން ދިޔައެވެ. ލުހާއަށް ވުރެ ޔަލާ ދޮށްޓެއްކަމަކު ރަށުގައި ތިބި ތިމާގެ މީހުންގެ މަތިން ލުހާ މާބޮޑަށް ހަނދާން ހުރެއެވެ. ފަހަރެއްގައި އުމުރުގެ ހުރިހާ ދުވަހެއް ރަށުގައި ހޭދަ ކުރަމުން އަންނާތީ ކަމަށް ވެސް ވެދާނެއެވެ. ޔަލާ ހަނދާން ކުރާ ކަހަލަ ގޮތަކަށް ވިސްނަން އިނދެފައި ވާހަކަދެއްކިއެވެ.
“އެއްފަހަރެއްގައި ރުގިއްޔާ ދައްތަމެންގެއަށް ދާށޭ މަންމަ ބުނިން ދޯ”
“އާން! އެކަމަކު ދަރިފުޅު ނުދަމެއްނު… ސަމީނާ އައީ ވެސް ޔަލާ ދުށުމަށް…. ސައިކަލުގައި ތިހެން އުޅޭއިރު ނިކަން ދޭބަލަ އެގެއަށް. އެއީ ދަރިފުޅުގެ ބައްޕަގެ ފަރާތުން ތިމާގެ ބައެކޭ. ބައްޕަ ނެތް ދުނިޔޭގައި މި ޢާއިލާގެ ހާލު އެންމެ ގިނައިން ބެލީ އެމީހުން” ޞާބިރާ މޫނުމަތިން މޮޅިވެރިކަން ފާޅުވެގެން ދިޔައެވެ. އޭނާގެ ލޯބިވާ ފިރިމީހާ މުހުސިނުގެ ހަނދާންތައް ޞާބިރާގެ ހިތަށް ވެރިވެގެން ދިއުމުންނެވެ.
“ނުކެރޭނެ އެކަނި ދާކަށް. މިހާރު އެހާ ރައްޓެއްސެއް ވެސް ނުވާނެ… މަންމަމެން މީހަކާއެކު ހިނގައިދާނަން. އޭރުން އަހަރެން ވާހަކަ ނުދެއްކިޔަސް މަންމަމެން ވާހަކަދައްކާނެއެއްނު” ޔަލާ ބުނެލިއެވެ.
“ލުހާ ގޮވައިގެން ދޭބަލަ… އެގޭ މާޖިދާ އަބަދުމެ ކިހިލީގައި ޖަހައިގެން އުޅުނު މީހަކީ މީ ވިއްޔާ. ކުޅެން ދަމުން ގޮވާނެ ލުހާ ވެސް ގޮވައިގެންނޭ މިދަނީ. ލުހާއަށް އެއީ އައުބަޔަކަށް ނުވާނެ… މިފަހަރު ދަރިފުޅުވާނެ ވަގުތެއް ހޯދައިގެން ކޮންމެހެން ވެސް އެގެއަށް ވަދެލަން. އެހެންނޫނީ އެމީހުން ވެސް ހީކުރާނީ އަހަރުމެން ދުރުވެގަންނަން މަސައްކަތް ކުރަނީއޭ. ތިމާގެ މީހުންނާ ގުޅުން ކެނޑިގެން ނުވާނެ”
“ލުހާ ރަނގަޅުވީމައެއްނު ދެން ދެވޭނީ” ޞާބިރާގެ ވާހަކަ އަޑުއަހަން އިނދެފައި ޔަލާ ބުނެލިއެވެ.
“އެގޭ ފޭރުގަހުގައި އަޅާ ފޭރު ވަރަށް މީރުވާނެ…” މޫނަށް ވައްތަރެއް ޖައްސާލަމުން ލުހާ ބުނެލިއެވެ.
“ތިހެން އިނދެގެން ދަޅު އެއްކޮށް ހުސްކޮށް ނުލާތި. ރައްޔާ ވެސް އަންނާނެ މާދަމާ. އެކުއްޖާއަށް ވެސް ތީގެން އެތިކޮޅެއްގެ ރަހަ ލިބެންވާނެ” ލުހާއަށް ބަލާލި ޞާބިރާ ބުނެލިއެވެ. އެއާއެކު ސިތާރާއާއި ޔަލާ ހޭންފެށިއެވެ.
* * * *
އަބްދުއްރަޢޫފު ލިޔެ ނިންމި ކަރުދާސްކޮޅު ފަތްފަތްޖަހާ ހިމަހިމަކޮށް އޮޅާލާފައި ޒާލިފުގެ ކަރުގައި އޮތް ރިހި ބަޑީގެ ތެރެއަށް ކޮށްޕާލީ ކުރިން އޭގައި އޮތް ކަރުދާސްކޮޅު ނަގާފައެވެ. އެތަން ބަލަން ޒަލަފް އިނީ ސުވާލުން ފުރިގެންވާ ފަދަ ގޮތަކަށެވެ. ހަމައެއާއެކު ސުވާލެއްނުކޮށް އޭނާ މަޑުކޮށްލައިގެން އިނީ އަބްދުއްރަޢޫފު އެ ކުރާ ކަމެއްކޮށް ނިމެންދެނެވެ. ކާށިތެޔޮ ފުޅިއަކަށް ކިޔަވައި އެއަށް ފުމެފައި ޒާލިފުގެ ގައިގާ އޭތި މަތުރަމުން އަބްދުއްރަޢޫފު ކިޔަވަމުން ދިޔައެވެ. އިޝާ ނަމާދުން ފައިބައިގެން އައިސް ފެށި މަސައްކަތް އަބްދުއްރަޢޫފަށް ނިންމާލެވުނު އިރު އަށްގަޑި ބައިވެއްޖެއެވެ. އޭރު އަރީޝާ ކާން ހަދައިގެން ހުންނަތާ އިރުކޮޅެއް ވެއްޖެއެވެ. އޭނާ ވެސް ދުރުގައި ބަލަން ހުރީ އަބްދުއްރަޢޫފު ކަންތައް ކުރާ ގޮތެވެ. އެހެންނަމަވެސް އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމެވެ. ފިކުރުބޮޑުވެފައި ހުރި ތަނެވެ. މޭގައި ކަނާއަތް ޖައްސާލުމާއެކު އަރީޝާ ހިނގައިގަތީ ބަދިގެ ތެރެއަށެވެ. ކާމޭޒު ދޮށުން ގޮނޑިއެއް ދަމާލުމާއެކު އޭނާ އިށީނެވެ. ފިކުރުތަކުން އޭނާގެ ސިކުނޑިއަށް ބާރުކުރަމުން ދިޔަ ވަރަށް ހިތް ނުތަނަވަސްވަމުން ދިޔައެވެ. ޚިޔާލުގެ ދާވަނިން ދޫކޮށްލަން ބޭނުންވިޔަސް އެކަން ފަސޭހަކަމަކަށް ނުވެއެވެ.
“ރަޚަބް” ދެ ތުންފަތް ޖައްސާ ބާރުކޮށްލުމާއެކު އަރީޝާގެ ދެ ލޯ މަރާލިއެވެ. އެހިނދު އޭނާގެ ހިތް ގޮވާލިއެވެ. ހަމައެވަގުތު ހަށިގަނޑުގައިވާ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔަ ފަދަ އިހުސާސެއް އަރީޝާއަށް ކުރެވިގެން ދިޔައެވެ. ތަންމިނަށް ލޯ ހުޅުވާލުމާއެކު ފުންނޭވާތަކެއް އަރީޝާ ލާންފެށިއެވެ.
“އަމިއްލަ އެދުން އިސްކުރަން ޖެހުނީ ހަމަ ރަޚަބްގެ ސަބަބުން… އަހަންނަށް ދުވަހަކު ވެސް ހަމަޖެހުމެއް ލިބުނަކަށް ނުދޭނަން ދޯ… އަހަރެންގެ އުފާތައް ނަގާލިޔަސް އެ ދެބެންގެ އުފާވެރިކަން ގެއްލޭކަށް ނޭދެން…. ހެޔޮނުވާނެ ރަޚަބް… ދެން ހުއްޓާލާ… މިހާރު ކިތައް އަހަރު މިވަނީ މިހެން އުޅޭތާ” ހިތާ ހިތުން ޝަކުންވާ ކުރަމުން ދިޔަ އަރީޝާގެ ލޮލުން ކަރުނަ ނިރާލިއެވެ.
“މަންމާ! މޭގައި ރިއްސަނީތަ؟” ބަދިގެއަށް ވަން ޒަލަފްއަށް އަރީޝާ އިން ގޮތް ފެނިފައި އަވަހަށް އަހާލިއެވެ. އަދި އައިސް އަރީޝާގެ ގާތުގައި ކުޑަކަކޫ ޖަހާލިއެވެ.
“މަންމައަށް ކަމެއްނުވޭ” ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ދިރުވާލަން މަސައްކަތް ކުރަމުން އަރީޝާ އިސްއުފުލާ ޒަލަފްއަށް ބަލާލިއެވެ. އެހެންނަމަވެސް އެ މޫނުމަތީގައިވަނީ ވޭނެއްގެ އަސަރުކަން ޒަލަފްއަށް ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ.
“މަންމަ ނުބުނަންދޯ ތިއުޅެނީ. ބައްޕައަށް ގޮވަންތަ؟ ތަނެއްގައި ރިހުމަކީ ކުޑަކަމެއް ނޫނެއްނު” ޒަލަފް ކަންބޮޑުވުން ފާޅުކޮށް ތެދުވަން އުޅުނު ވަގުތު އަރީޝާ އޭނާގެ ދަރިފުޅުގެ މުލައްދަނޑީގައި ހިފެހެއްޓިއެވެ.
“ދަރިފުޅާ ޒަލަފް… މަންމައަށް ކަމެއްނުވެޔޭ. މިތާ މަޑުކޮށްލަ ބަލަ… ދަރިފުޅު ބޯކޮށާލީމާ މިހާރު ވަކިން ރީތި. ތީއޭ އަސްލު ހުންނަންވީ ގޮތަކީ. ކޮބާ މިހާރު އެއްވެސް ވަރަކަށް ނުކުރަހަނީތަ… ބޭރުގައި ކުރަހަން ހުންނަތަން ނުފެންނާތީ މަންމަ މިހެން މިބުނީ” އަރީޝާ އުޅުނީ ޒަލަފްގެ ޚިޔާލު އެހެން ދިމާއަކަށް އަނބުރާލެވޭތޯއެވެ.
“ދަރިފުޅުމެން ދެބެންނަށް ލިބިފައި ތިވަނީ ދަރިފުޅުމެންގެ ބައްޕަގެ ރީތިކަން… ރަޚަބްގެ ރީތިކަން…” ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލައިގެން އިން އިރު އަރީޝާ އޭނާގެ ޟަމީރާ ވާހަކަދެއްކިއެވެ.
“މިހާރު ގިނައިން ކުރަހަން ހުރެވެނީ ކޮޓަރީގައި…” ޒަލަފް ބުނެލިއެވެ. އަދި ހިމޭން ކަމުގައި އިރުކޮޅަކު އިނެވެ.
ޚިޔާލުގެ ތެރެއަށް ގެއްލިފައި އަރީޝާ އިންދާ ޒަލަފް ވާހަކަދައްކަން ފެށިއެވެ. މި ފަހަރު އޭނާގެ ސުވާލަކަށްވީ އަބްދުއްރަޢޫފު ކުރަން އިން މަސައްކަތެވެ. އޭނާ ޒާލިފަށް ފަންޑިތަވެރި ކަމެއް ކުރަނީކަން އެނގޭތީވެ އެއީ ކީއްކުރަން ކުރާ ކަމެއްތޯ ޒަލަފް ސުވާލުކުރިއެވެ.
“އެއީ އެވަރުގެ ކަމެއް ނޫން. ދޭތެރެ ދޭތެރެއިން ދަރިފުޅުގެ ކަންތައްތައް ވެސް ބައްޕަ ބަލައެއްނު. މި ޢާއިލާ ރައްކާތެރިކުރަން ބައްޕަ ބޭނުންވޭ. އެހެންވެ ޒާލިފުގެ ހަށިރައްކަލަ ކޮށްފައި ހުރި ކަންތައް އައު ކޮށްލަނީ…” ޒާލިފު ވަޒީފާއަކަށް ދާން އުޅޭކަން އަރީޝާ ސިއްރުކުރިއެވެ. ޒަލަފް ވިސްނަން އިންހެން އަރީޝާގެ ވާހަކައަށް މަޑުމަޑުން ބޯޖަހާލިއެވެ.
“ކާން ހެދީތަ؟” އަބްދުއްރަޢޫފު ބަދިގެއަށް ވަނީ އެވަގުތުއެވެ. ޒަލަފާއި އަރީޝާ އިން ތަނުން ތެދުވިއެވެ.
“ކާން ހަދައިގެން އިންނަތާ ކޮންއިރެއް” އަރީޝާ މިހެން ބުނެ ބަންޑުން ބާއްވާފައި އޮތް ތަށިތައް އުއްޑުން ކުރަން ފެށިއެވެ. އަބްދުއްރަޢޫފު އައިސް އޭނާ އިންނަ ތަނުގައި އިށީނެވެ. އޭނާގެ ދެފަރާތުން ޒަލަފާއި ޒާލިފު އިށީނެވެ. ދަރިންނާއި ފިރިމީހާ ކާން ފެށުމުން އަރީޝާ ވެސް އެމީހުންނާއެކު ކެއުމުގައި ބައިވެރިވެއްޖެއެވެ.
* * * *
ފަހަން އިން ޞާބިރާ ހިންދެމިލަމުން ގޮނޑިން ތެދުވެ އަތުގައި އޮތް ހެދުން ފޮޅާލިއެވެ. އަދި ކުދި ރޮދިކޮޅުތައް ބުރިކުރުމަށްފަހު އަތުގައި އޮތް ހެދުން ފަތުރާލިއެވެ. އަދި ހިތްހަމަޖެހުމުގެ ނޭވާއެއް އޭނާ ލީ ހިނިތުންވެލައިގެން ހުރެއެވެ.
“މިކަން ވެސް މި ނިމުނީއެއްނު… ގަޑިން ކިހާ އިރެއްވެއްޖެބާ… ދެބެން ނިދަން ދިޔަތާ ވީއިރެއް ވެސް ނޭނގެ” ރީތިކޮށް ހެދުން ފަތްޖަހާލާފައި މޭޒުމަތީ ބާއްވާފައި ޞާބިރާ ސިޓިންރޫމުގައި ހުރި ގަޑިއަށް ބަލާލިއެވެ. ތިނެއް ޖަހަން އުޅެނީއެވެ. ނިދަން ދާން ހިނގައިގަނެފައި ވެސް ސިޓިންރޫމު ދޮރު ތަޅުލެވުނުތޯ ބެލުމަށް އޭނާ ހިނގައިގަތެވެ. ކުޑަދޮރުތަކާއި ބޮޑުދޮރު ހުރީ ތަޅުލެވިފައިކަން ޔަޤީންވުމުން ޞާބިރާ އައިސް ޔަލާގެ ކޮޓަރީގެ ދޮރުގައި ހިފާލިއެވެ. ކޮޓަރި ހުރީ ތަޅުލައިފައިކަމުން އޭނާ އިތުރަށް މަޑުނުކޮށް ހިނގައިގަތީ ލުހާގެ ކޮޓަރި ބަލާލުމަށެވެ. އެ ކޮޓަރީގައި ހޮޅިބުރި ދިއްލައިގެން ލުހާ ނިދާފައި އޮތް ފެނުމުން ނިދާބޮކި ޖައްސާލާފައި ކޮޓަރިން ނުކުމެގެން ޞާބިރާ އައިސް އޭނާގެ ކޮޓަރިއަށް ވަނެވެ. ގޭގައި ފިރިހެނަކު ނޫޅޭކަމީ ޞަބިރާ އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. ބޮޑުކަމެއް ދިމާ ވިޔަސް ގޭގައި އެ ތިންމައިން ފިޔަވައި އިތުރު ބަޔަކު ނެތެވެ. އެހެންނަމަވެސް ހިތްހަމަޖައްސާލައިގެން ނިދާލަން ޞާބިރާ އޮށޯތެވެ.
ނިދާފައި އޮވެފައި ކުއްލިއަކަށް ޔަލާއަށް ހޭލެވުނީ ފިނިފިނި ވައިރޯޅިތަކެއް ބީހޭހެން ހީވެގެންނެވެ. އަދި ނޭފަތުގައި ޖެހުނީ މޫދު ކައިރީގައި ހުރުމުން ދުވާ ފަދަ ވަހެކެވެ. ފަރުހަކިމަސް ކަހަލަ ވަހެކެވެ. އަނެއްފަހަރަށް ނޭފަތުގައި ޖެހުނީ ތެތްފިނިކަން ހިފާފައިވާ ބޯޖަންގައްޔެއްގެ ފަތްތަކުގެ ވަސްހެން ވެސް ހީވިއެވެ. ދެ ލޯ އުނގުޅާލާފައި ޔަލާ ކޮޓަރިތެރެ ބަލާލިއެވެ. އޭނާއަށް އޮވެވުނީ ކޮޓަރީގައި ކަން ޔަޤީން ނުވާތީއެވެ. ނަމަވެސް އޭނާއަށް އޮވެވުނީ ހަމަ އޭނާގެ ކޮޓަރީގައެވެ. ތަފާތަކީ ތަޅުލާފައި ހުރި ދޮރު ހުޅިފައި ހުރި ކަމެވެ. އެތަން ފެނި ޔަލާގެ މެޔަށް ފިނިވެގެން ދިޔައީ ނުބައި ގޮތަކަށެވެ. ރަޖާގައި ހިފާ ދަމާލުމާއެކު މޭގައި ބޮނޑިކޮށްލިއެވެ. އަދި ފޯނު ވީ ތަނެއް ހޯދަން އަވަސްވެގަތެވެ. އޭރު ޔަލާގެ އަވަސްވެފައިވާ ހިތް ބާރަށް ތެޅެމުންދިޔައެވެ. ކޮޓަރީގައި ހުރި ފަނޑު އަލިކަން ފިޔަވައި އިތުރު އަލިކަމެއް ނެތެވެ. ބާލީސް އުރަ ތެރެއަށް ވަދެފައި އޮތް ފޯނު ޔަލާއަށް ފެނުނީ އެތައް ވަރަކުންނެވެ. އަތުގައި ފޯނު ޖެހުމާއެކު އަވަހަށް ފޯނުގައިވާ ބައްތި ދިއްލާލިއެވެ. އެހިނދު ވަރުގަދަ ހުދު އައްޔަކުން ކޮޓަރިތެރެ އަލިވެއްޖެއެވެ. އެނދުން ފައިބައިގެން އައިސް ހޮޅިބުރި ދިއްލާލިއެވެ. އަދި ފޯނުން އަލިކުރަމުން އައިސް ކޮޓަރިން ބޭރަށް ބޯދިއްކޮށްލިއެވެ. އަނދިރިކަމާއި ހިމޭންކަން ފިޔަވައި ވަށައިގެން އިތުރުކަމެއް ޔަލާއަށް ފާހަގައެއް ނުކުރެވުނެވެ. ބޭރުގައި ދިއްލާފައި ހުންނަ ބޮކީގެ ސުވިޗު ހުންނާނީ ސިޑި ކައިރީގައި ކަމަށް ވާތީ އެހިސާބަށް ދާން ޔަލާ ޖެހިލުންވިއެވެ. އެހެންވެ އެނބުރި ކޮޓަރިއަށް ވަދެ ދޮރުލައްޕާ ތަޅުލިއެވެ. އަދި ހަލުވިކޮށް އައިސް އެނދަށް އަރާ ރަޖާ ގެނެސް އުނގު ފޮރުވާލުމާއެކު ދެފައިވަށްކޮށްލައިގެން ހެޑުބޯޑުގައި ލެނގިލައިގެން އިނެވެ. ފޯނުން ދިއްލާފައިވާ ބައްތަ ނިއްވާލާފައި ގަޑިން ވީއިރެއް ބަލާލަން އުޅެނިކޮށް ފޯނުން ފަތިސް ނަމާދު ބަންގި ގޮވި އަޑު ކޮޓަރިއަށް ފެތުރިގެން ދިޔައެވެ. ސިއްސައިގެން ގޮސް އަތުން ފޯނު ދޫވި ނަމަވެސް ބަންގީގެ އަޑުން ޔަލާގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ.
ފަތިސް ނަމާދުކޮށް އަވަދިވިއިރު ޔަލާގެ ހިތަށް ވަން ބިރުވެރިކަން ފިލާ ހިނގައްޖެއެވެ. ނަމާދުކުރާ ތަކެތި އަލަމާރިއަށް ލުމާއެކު ފޯނު ހިފައިގެން ކޮޓަރިން ނުކުތެވެ. އޭރު ވެސް ބޭރު އޮތީ އަނދިރިކޮށެވެ. މަޑުމަޑުން ކޮޓަރީގެ ދޮރު ލައްޕާލާފައި ޔަލާ އައީ ސިޑިން ތިރިއަށް ފޭބުމަށެވެ. ފޯނުން އަލި ކުރަމުންނެވެ. ސިޑިއާ ހަމައަށް ނާދެވެނީސް ކުއްލިއަކަށް ބޮކިދިއްލި ބޭރު އެއްކޮށް އަލިވެގެން ދިޔައެވެ. އެއާއެކު ފަހަތަށް އެނބުރި ޔަލާއަށް ބަލާލެވުނެވެ.
“ބޮކި އަނދަނީ ކަންނޭނގެ…” މަތީގައި ހަރުކޮށްފައިވާ ވަށް ހޮޅިބުރިއަށް ބަލާލަފައި ޔަލާ ބުނެލިއެވެ. އަދި މާބޮޑު ފިކުރެއްނެތި ސިޑިން ފައިބައިގެން އައިސް ޞާބިރާގެ ކޮޓަރީގައި ޓަކިދީފައި ދޮރު ހުޅުވާލިއެވެ.
“ޔަލާ… ކިހިނެއްވީ؟ ނަމާދުކޮށްފިންތަ؟” ދޮރުމަތީ ހުރި ޔަލާއަށް ޞާބިރާ ބުނެލިއެވެ. އޭރު ވެސް އޭނާ އިނީ މުސައްލަ މަތީއެވެ. އެނދުގެ މަގަތައްވީ ފަރާތުގައި ހަތިމަކާއި ދުޢާ ފޮތެއް އޮތެވެ.
“މަންމަ ނަމާދުކޮށް އަދި ނުނިމޭ ދޯ” ޔަލާ އަހާލިއެވެ.
“ނަމާދުކޮށް ނިމިގެން ތެދުވަން އުޅެނިކޮށް ދަރިފުޅު ތިއައީ. އެކަމަކު އަދި ކިޔަވާލާފައި ކޮޓަރިން ނުކުންނާނީ” ޞާބިރާ ބުނެލިއެވެ.
“އަހަރެން ވެސް މިއައީ ނަމާދުކޮށްލައިގެން. ނިންޖެއްނެތް އެހެންވެ މިދަނީ ސައިތަށްޓެއް ހަދައިގެން ބޯލަން” ޔަލާގެ ހިތާއި ސިކުނޑީގައި ސުވާލު މާކެއް ޖެހިފައި ވިޔަސް މިވަގުތު ޞާބިރާއަށް އުނދަގޫ ކުރާކަށް ޔަލާ ބޭނުމެއްނުވިއެވެ. ޞާބިރާއަކީ ދީނީ ކަންކަމަށް ނުހަނު އިސްކަންދޭ އަންހެނެކެވެ. ވަގުތަށް ނަމާދު ކުރުމާއި ޤުރުއާން ކިޔެވުމާއި ޒިކުރު ކުރުން މަތީ ދެމި ހުންނަން ބޭނުންވާ މީހެކެވެ. ދަރިން ވެސް އޭނާގެ ފިޔަވަޅުމަތިން ހިނގުމަކީ އޭނާ އެންމެ އެދޭ ގޮތެވެ. ނަމާދު ވަގުތު ޖެހޭއިރަށް ދަރިންނަށް އަބަދު ވެސް ހަނދާންކޮށްދިނުމުގައި އޭނާ ދެމި ހުންނަނީ އެހެންވެއެވެ. ރިވެތި އަޙުލާގާއި އެންމެ ފުރިހަމަ ތަރުބިއްޔަތު އެ ކުދިންނަށް ދިނުމަށް ޞާބިރާ ނުހަނު މަސައްކަތް ކުރެއެވެ.
އެއްކޮށްލެވިފައިވާ ބަދިގެއާއި ކޭގޭ ތެރެއަށް ޔަލާ ވަދެގެން އައިސް ކަބަޑުސެޓު ކައިރީ މަޑުކޮށްލުމާއެކު ސައި ހަދާ ޖޯޑެއް ނެގިއެވެ. އަދި ކަރަންޓަށް ގުޅާފައި ހުރި ޖަގު ނަގައި ސިންކުގެ ދޮށަށް ލެފިލައި އޭގައި ހުރި ފެންތައް އުކާލާފައި އަލުން ފެންއަޅައިގެން ގެނެސް ބެހެއްޓިއެވެ. އަދި ފެންކައްކަން ޖައްސާލުމަށްފަހު މަތީގައި ހުރި ކަބަޑު ސެޓުން ސައިފަތް ޕެކެޓު އަޅާފައި ހުރި ފުޅިން ސައިފަތް ޕެކެޓެއް ނަގައި ޖޯޑުގެ ތެރެއަށް ލިއެވެ. ހަމައެވަގުތު ޖޯޑުގެ ތެރޭގައި ކުނަމެހި ހުއްޓާ ފެނުނެވެ.
“އައްޗީޑި… ރަނގަޅަށް ތަށި ނުދޮވެ ކަންނޭނގެ މިހިރީ… މީ ލުހާގެ ކަމެއްކަން ޔަޤީން” ސައިފަތް ޕެކެޓު ނަގާ ޑަސްބިނަށް ލާފައި ސިންކުގެ ތެރެއަށް ޖޯޑުލީ އޭތި ދޮންނާށެވެ. އެހެންނަމަވެސް ޔަލާ ހައިރާންވީ ފެންއިސްކުރު ދޫކޮށްލަމުން ޖޯޑު ފެނާ ދިމާކޮށްލަން ބަލާލިއިރު އޭގައި އެއްވެސް އެއްޗެއް ނެތުމުންނެވެ. އެހެންވިޔަސް ގަނެފައި ހުރި ފަކުރުގެ ސަބަބުން އަމިއްލަ ހިތްހަމަޖެހުމަށްޓަކައި ރީތިކޮށް ޖޯޑާއި ސަމްސާ ދޮވުނެވެ.
ގެރިކިރު އަޅައިގެން ސައިތަށްޓެއް ހެދުމަށްފަހު ކުޑަބޯތަށްޓަކައި ކުދި ބިސްކޯދު އަޅައިގެން ސިޓިންރޫމަށް ޔަލާ ނުކުތެވެ. އެކަނިމާ އެކަނި ބަދިގޭގައި އިންނަން އޭނާ ބޭނުންނުވީއެވެ. ކުޑަމޭޒުމަތީ ސައިތަށްޓާއި ބިސްކޯދުތަށި ބަހައްޓާފައި ޓީވީގެ ރިމޯޓު ނަގާ އެއަށް އޮބާލުމާއެކު ޓީވީ ހުޅުވިއްޖެއެވެ. އަދި އެއާއެކު ޔަލާ ބަލަން ބޭނުންވާ ޗެނެލަކަށް ލުމަށްފަހު ސޯފާގައި ހަމަޖެހިލައިގެން އިނދެ ސައިބޯން ފެށިއެވެ.
ޞާބިރާ އަޅުކަމުން އަވަދިގެން ކޮޓަރިން ނުކުން އިރު ފަތިހު ފަސްގަޑި ބައިވެ ހިނގައްޖެއެވެ. ސޯފާގައި ޔަލާ އޮށޯވެލައިގެން ޓީވީ ބަލަން އޮތްތަން ފެނުނުއިރު ކުޑަމޭޒުމަތީ ހުރި ސައި ހުސްކުރި ޖޯޑާއި ދެތިން ކުދި ބިސްކޯދު ބާކީވެފައި އޮތް ބޯތަށި ޞާބިރާއަށް ފެނުނެވެ. ޔަލާ އެ އޮތީ ސައިބޮއެގެންކަން ޞާބިރާއަށް އެނގުނެވެ.
“ސިތާރައްތައާއި ޔަލާގެ ހެދުން ފަހައި ނިންމާފައި އޮންނާނެ” ޞާބިރާ ސޯފާއާ ކައިރިވެލާފައި ބުނެލިއެވެ. އެއާއެކު ޔަލާ ހިނިއައިސްފައި ހުރެ ފުންމައިގެން ތެދުވިއެވެ. އަވަހަށް ހެދުން ބަލަން އުޅެގަތެވެ. ޞާބިރާ ޔަލާއަށް ހެދުންތައް ދެއްކިއެވެ.
“މަންމަ ތީ ހަމަ ބެސްޓު. އެހެންމީހަކަށް ނޭނގޭނެ މިހާ ރީތިކޮށް ފަހައިދޭކަށް” ގައިގާ ހެދުން ޖައްސާލައިގެން ހުރެ ޔަލާ ބުނެލިއެވެ.
“ދޭބަލަ ކޮޓަރިއަށް ގޮސް ހެދުން ލައިގެން އަންނަން. އޭރުން އެނގޭނީ އަދި ޖަހާލަން ޖެހެންޏާ ވެސް” ހިނިއައިސްފައި ދަރިފުޅަށް ބަލަން ހުރި ޞާބިރާ ބުނެލިއެވެ.
ޔަލާ ގޮސް ޞާބިރާގެ ކޮޓަރިއަށް ވަދެ އަލަށް ފެހި ހެދުން ލައިގެން ނުކުތެވެ. އަދި ފަރާތްފަރާތަށް އެނބުރި ޞާބިރާއަށް ހެދުން ދެއްކިއެވެ. ގަޔަށް ހެޔޮވަރު ކުރަންވީ ތަންތަން ޞާބިރާ ފާހަގަކޮށް ނިމުމުން ހެދުން ބަދަލުކުރަން ދިއުމަށް ޔަލާއަށް ބުނެލިއެވެ.
“ސިތާރައްތައަށް ހެދުން ފެނުނީމަ ނޭނގެ ވާނެ ގޮތް ވެސް… ފައިވާނުގައި ކޮންމެވެސް އެއްޗެއް ހަރުކުރަން މިއަދު އަންނާނަމޭ ވެސް ބުނި” ޔަލާ ވާހަކަދައްކަމުން ގޮސް ޞާބިރާގެ ކޮޓަރިއަށް ވަނެވެ. އަދި ކުރިން ލައިގެން ހުރި ޓީޝާޓުކޮޅާއި ދޫހަރުވާޅު ލައިގެން ނުކުތެވެ. އޭރު ކޮނޑުމައްޗަށް އެއްލާފައި އޮތް އައު ހެދުން ޞާބިރާއަށް ދިއްކޮށްލިއެވެ.
“މަންމާ… އަހަރެންގެ ކޮޓަރިއަށް ރޭގައި އައިންތަ” ފަހާފޮށި ކައިރީ މޭޒުމަތީގައި ހެދުން ބޭއްވުމާއެކު ޞާބިރާ އެނބުރިލީ ބަދިގެ ފަރާތަށް ދިއުމަށެވެ. އެވަގުތު ޔަލާ ގޮވާލާފައި ޞާބިރާއާ ވާހަކަދެއްކިއެވެ.
“ރޭގައި ހެދުން ނިމުނީ ވަރަށް ލަހުން. މަންމަ ނިދަން ދަމުން ޔަލާ ކޮބައިތޯ ބަލާލިން” ހަރަކާތްތައް ހުއްޓުމަކަށް ނުގެނެސް ޞާބިރާ ވާހަކަދެއްކިއެވެ. ޔަލާ އައިސް އޭނާ ސައި ބުއި ޖޯޑު ސިންކަށް ލިއެވެ. އަދި ބިސްކޯދު އެޅި ބޯތަށި ކަބަޑުމަތީ ބެހެއްޓިއެވެ.
“މަންމާ… ކޮޓަރި ދޮރު ހުޅުވިންތަ” އިރުކޮޅަކު ހިމޭނުން ހުރެފައި ޔަލާ އަހާލިއެވެ.
“ދޮރު ތަޅުލާފައި ހުރީމަ މަންމަ ވެސް އައީ ނިދަން… ކިހިނެއްވީ ތި ސުވާލު ތިކުރީ؟ ދަރިފުޅު ހޭލާތަ އޮތީ މަންމަ ގޮސް ދޮރުގެ ތަޅުގައި ހިފިއިރު” ކޮފީތަށްޓެއް ހަދަން އުޅެފައި ކުއްލިއަކަށް ޞާބިރާގެ ހަރަކާތް ހުއްޓާލާފައި ޔަލާއަށް ބަލާލިއެވެ.
“ނިދާފައި އޮތީ… އެކަމަކު މަންމަ ތަޅުގައި ހިފާލި އަޑު އިވުނީހެން ހީވަނީ” ޔަލާ ފާޑަކަށް އޮޅުވާލާން މަސައްކަތް ކުރިއެވެ.
ރޭގެ ފަހު ދަމުގައި ޔަލާއަށް ކަންތައް ދިމާވިގޮތް ޞާބިރާއަށް ކިޔައިދޭން އޭނާ ފަސްޖެހުނެއެވެ. ޞާބިރާ މާބޮޑަށް ކަންބޮޑުވެދާނެތީއެވެ. ޔަލާ ވެސް ހަނދާން ހުރީ ރޭގައި ނިދަމުން ކޮޓަރިއަށް ވަދެ ދޮރު ތަޅުލި ހަނދާނެވެ. އެއަށްފަހު އޭނާ ފާޚާނާއަކަށް ދާން ވެސް ނުހޭލައެވެ. ހަމައެކަނި ހޭލެވުނީ ފިނި ވައިރޯޅިތަކާއި އެކު އެކި ވަސްވަސް ދުވަމުގެ އިތުރުން ގައިގާ މީހަކު އަތްލިހެން ހީވެގެންނެވެ. މެޔަށް ފިނިވެގެން ދިއުމާއެކު ކަނދުރާގައި ހުރި ލޯލިތައް ކޮޅަށް ޖެހުނު ކަމުގެ އިހުސާސް ޔަލާއަށް ވިއެވެ. އެހެންވިޔަސް ޔަލާގެ ޟާމިރު ވިސްނައިދެމުން ދިޔައީ އެއީ ބިރުގަންނަންޖެހޭ ވަރު ކަމެއް ނޫން ކަމަށެވެ. ފަހަރެއްގައި ނިދީގައި ޔަލާއަށް ތެދުވެވުނީ ކަމަށް ވެސް ވެދާނެކަމެވެ. ޤަބޫލުކުރަން ވެސް ޔަލާ ބޭނުންވީ އެގޮތެވެ. އޭރުން ހިތަށް ހަމަޖެހުން ލިބިގެން ދާތީއެވެ. އިތުރަށް ފިކުރުކުރަން ނުޖެހޭނެތީއެވެ.
* * * *
“ޒަލަފް… ޒަލަފް…” ކުޅީގެ ފެންގަނޑުން މައްޗަށް އިރުގެ ދޯދިފަށްތައް ފެންމަތިވެގެން އައި ވަގުތު އެނދުގައި އޮތް ޒަލަފްގެ ކަންފަތުގައި ޖެހުނީ ބެހެމަތްގެ އަޑެވެ. އޭނާއާ ވާހަކަދައްކަން ފޫހި ވިޔަސް މިވަގުތު ޒަލަފްއަށް އޭނާގެ ގާތަށް ދިއުން މަޖުބޫރުވެފައި ވެއެވެ. އެހެންނަމަވެސް ޒަލަފް ވިސްނަނީ އޭނާގެ އަމިއްލަ އެދުމާ މެދުއެވެ. އޭނާގެ އެދުން ބެހެމަތްގެ އެހީއާއެކު ފުރިހަމަ ވެއްޖެނަމަ އެހިސާބުން ދެން ކޮންމެހެން ބެހެމަތްގެ އަޑު އަހާކަށް އޭނާއަކަށް މަޖުބޫރެއް ނުވާނެއެވެ.
އެނދުން ތެދުވެގެން އައިސް ކުޑަދޮރުގެ ކައިރީ ޒަލަފް ހުއްޓިލިއެވެ. ކީއްވެކަމެއް ނޭނގެއެވެ. ޒަލަފްގެ ދެލޮލެކޭ ދުރުމިއެކޭ އެއްވަރެވެ. އެނާ ހަނދާން ހުންނަން ފެށީއްސުރެން އެހެން މީހުންނަށް ނުފެންނަހާ ދުރުގައި ހުންނަ އެއްޗެހި ސާފުކޮށް ޒަލަފްއަށް ފެނެއެވެ. އެގޮތުން ފެންސުގެ ބޭރުގައި އާންމުކޮށް ބެހެމަތް ހުންނަ ގަސް ކައިރީ އޭނާ ހުއްޓާ ޒަލަފްއަށް ފެނުނެވެ.
“ކިހިނެއްވީ” ޒަލަފް މިހެން ބުނެލިއިރު އޭނާގެ އަޑު ބެހެމަތްއާ ހަމައަށް ފޯރާނެކަމުގެ ޔަޤީންކަން އޭނާގެ އޮތް ކަހަލައެވެ.
“ތިހާ ދުރުގައި ހުރެގެންތަ ވާހަކަދައްކަންވީ” ބެހެމަތް މިހެން ބުނެލި އަޑު ސާފުކޮށް ޒަލަފްއަށް އިވުނެވެ.
“ދުރުގައި ހުއްޓަސް ހަމަ ވާހަކައެއްނު މި ދައްކަނީ. އަހަރެން ދައްކާ ވާހަކަ ކަލެއަށް އެބައިވޭ. އަދި ކަލޭ ދައްކާ ވާހަކަ ވެސް މަށަށް އެބައިވޭ”
“އެހެންވިޔަސް އަހަރެން ބޭނުންވަނީ ޒަލަފް އަހަންނާ ވަރަށް ގާތުގައި ހުރެގެން ވާހަކަދައްކަން. އަހަރެން މިއައީ ދަންވަރަކު ވެސް ނޫނެއްނު… އެންމެ ރަނގަޅު… އަހަންނާ ބައްދަލުކުރަން ބޭނުންނުވަންޏާ އަހަރެން ދަނީ. ބުނަން އައި ވާހަކަ ވެސް ފަހުން ޒަލަފްއާ ބައްދަލުވެއްޖެއްޔާ ބުނާނީ” ބެހެމަތް އޭނާގެ ކޮޅު ގަދަ ކޮށްލަން ކުރި މަސައްކަތް ކާމިޔާބުވިއެވެ. ޒަލަފްއަށް އިތުރަށް ދައްކާނެ ބަހަނާއެއް ނެތުނިއްޔެވެ. ބެހެމަތް އެއީ އޭނާއަށް ފައިދާ ކުރުވަނިވި ވާހަކައެއް ބުނަން ކަމުގައިވަންޏާ އެއްގޮތަކަށް ވެސް އެ ވާހަކަ އަޑު ނާހާ ފަސް ކުރާކަށް ޒަލަފް ބޭނުމެއްނޫނެވެ.
ލައިގެން ހުރި ސޯޓުބުރީގެ އިތުރުން ގަޔަށް ޓީޝާޓެއް ހެޔޮވަރުކޮށްލުމާއެކު ދެއަތުން އިސްތަށިގަނޑުގައި އަތްހާކާލާފައި ކޮޓަރިން ނުކުމެގެން ތިރިއަށް ޒަލަފް އައެވެ. އޭރު ގޭތެރޭގައި މީހެއްގެ ހިލަމެއްނުވެއެވެ. ލަކުޑި ޑެގުގެ ފަތިތަކުގައި ސިއްރުން ފައި އަޅަމުން ޒަލަފް ގެއިން ނުކުމެގެން އައިސް މަސްފެންގަނޑަށް ބަލަހައްޓައިގެން ހުއްޓި ސޯޓުގެ އަރިމަތީ ޖީބަށް ދެއަތް ކޮށްޕާލިއެވެ.
“ދެން ބުނެބަލަ ތި ބުނަން އުޅޭ އެއްޗެއް” ބެހެމަތްއަށް ނަޒަރު ސީދާކޮށްލުމެއްނެތި ބުނެލިއެވެ.
“އަންނަން ބުނީމަ ތި ހުރީ ނުރުހިފަތަ” ބެހެމަތްގެ އަޑުގައި ހިތަށް އަސަރު ފޯރުވާ ކަހަލަ ގޮތެއް ހުއްޓެވެ.
“ނުރުހިފައެއްނޫން. އެކަމަކު ތި ބުނަން އުޅޭ އެއްޗެއް އަޑުއަހަން ބޭނުންވެފައި” ޒަލަފް މިފަހަރު ވެސް ވާހަކަދެއްކީ ހުއްޓިގެން ހުރި ފިޔަވަޅުމަތީ ހުރެއެވެ. މަސްފެންގަނޑުން ބޭރަށް އޭނާގެ ނަޒަރު ހިންގާލުމެއްނުވެއެވެ. ހީވަނީ ބެހެމަތްއަށް ބަލަން ބޭނުންނުވާތީ ހުރި ގޮތެއް ހެންނެވެ.
“މިތަނުން ޒަލަފް ނެރުނަސް ކިހިނެއް އެނގެނީ އެ އަންހެންކުއްޖާއާ ޒަލަފްއާ ބައްދަލުވާނެ ކަމެއް”
“ކީއްވެ ތިހެން ތިބުނީ… އޭނާއާ އަހަންނާ ބައްދަލުނުވާންވީ އެއްވެސް ސަބަބެއް އަހަންނަކަށް ނުވިސްނޭ” ޒަލަފްއަށް ހައިރާންކަން ލިބިގެން ދިޔައެވެ.
“ހަމަ ކަމެއް ވެދާނެއެއްނު، އަހަރެން ކުރިން ވެސް ބުނީމެއްނު ޒަލަފް މިތަނުން ސަލާމަތްވެގެން ނުކުތުމުން ހުރިހާ ކަމެއް ވެސް ބަދަލުވާނެއޭ”
“ކަންތައްތައް ބަދަލުވާށޭ އަހަރެން ބޭނުމީ… ބުނަން އައި ވާހަކަ ނުބުނެ އެތައް ވާހަކައެއް ކަލޭ ދައްކައިފިން. އަހަރެން ރުޅި އަތުވެއްޖެނަމަ ތި ބުނަން އުޅޭ ވާހަކަ އަޑު ނާހާ މިތަނުން ދާނަން. އަދި ކަލޭގެ އެހީތެރިކަމެއް ވެސް ބޭނުމެއްނޫން. މަށަށް މިހާރު ހީވާ ކަހަލަ ކަލެއަށް ކޮށްދެވޭނެ ކަމެއްނެތޭ. އެހެންވެ ބޭކާރު ވާހަކަ ދައްކަން އަންނަނީ” ބެހެމަތާއި ޒަލަފްގެ ނަޒަރު ސީދާ ވެގެން ދިޔައެވެ. އެވަގުތު ބެހެމަތްއަށް ޒަލަފްގެ ލޮލާއި ލޯ އަމާޒުކޮށްގެން މާގިނައިރަކު ނުހުރެވުނެވެ. އަވަސް އަވަހަށް އިސްޖަހާލާފައި އޭނާ ވާހަކަދެއްކީ ޒަލަފްގެ ވާހަކައިގައި ހުރި ސީރިއަސްކަން އެނގިގެން ކަންނޭނގެއެވެ.
“ހަތްތަނެއްގައި އެއްޗެހި ވަޅުލާފައި އެބަހުރި. އަހަންނަކަށް އެ ތަކެއްޗެއް ކޮނެގެން ނުނެގޭނެ. ހަތްތަން ކޮނެވޭނީ ހަތްރޭ މަތީން”
“އެކަމަކު ހަތް ރޭގެ ވަގުތެއް އަހަންނަކަށް ނެތޭ ބުނީމެއްނު” ބެހެމަތްގެ ވާހަކައިގެ ތެރެއިން ޒަލަފް ބުނެލިއެވެ.
“ތިން ތަނުގައި ވަޅުލާފައި ހުރި އެއްޗެއް ތިން ރޭގެ މަތީން ނެގިދާނެ. އޭރުން ވެސް ކޮށްފައި ހުރި ކަންތަކުގެ ބާރު ކުޑަވާނެ” ބެހެމަތްގެ ވާހަކަ މިފަހަރު ވެސް މެދުކަނޑާލީ ޒަލަފްއެވެ.
“ހާދަހާ ކެތްތެރިކަމެއް ވެސް ނެތޭ ދޯ” ޒަލަފް ކުރި ސުވާލަށް ޖަވާބެއް ނުދީ ބެހެމަތް ބުނެލިއެވެ.
“ކުރިން އަހަރެން ބޭނުންނުވިޔަސް މިހާރު އަހަރެން ބޭނުން ގެއިން ބޭރަށް ނުކުމެ އުޅެން. އެހެން މީހުން ވެސް އުޅޭހެން އުޅެން”
“ޒަލަފް ތި ގެއިން ނެރެން އަހަރެން ވެސް ބޭނުމޭ. އެކަމަކު އިހަށް އަހަރެން ދައްކާ ހުރިހާ ވާހަކައެއް އަޑު އަހާބަލަ. ވަޅުލާފައި ހުރި އެއްޗެއް ނެގުމޭ ބުންޏަސް އެއީ ފަސޭހަކަމެއްނޫނޭ… އަބްދުއްރަޢޫފަކީ އޭނާގެ މަސައްކަތަށް ކުޅަދާނަ މީހެއްކަން އަހަންނަށް އެނގޭ. އޭނާގެ ބޭނުމަކީ ޒަލަފް މި ފެންސުގެ އެތެރޭގައި ބަންދުކޮށްފައި ބެހެއްޓުން. މި ފެންސުން ބޭރަށް ފިޔަވަޅެއް އަޅަން އުޅެފިނަމަ ޒަލަފްއަށް އެކަން ބޮޑު ވޭނަކަށް ވާނެ… ހަމަ އެގޮތަށް ވަޅުލާފައި ހުރި ތަންތަން އަހަރެން ކިޔައި ދިނެއްކަމަކު ޒަލަފްއަށް އެ ތަންތަން ކޮނެގެން އެ ތަންތަނުގައި ވަޅުލާފައި ހުރި އެއްޗެއް ނެގޭނީ ވަރަށް ހިތްވަރުން. އަހަންނަކަށް ބުނާކަށް ނޭނގެ ޒަލަފްއަށް ވާނީ ކިހިނެއްކަމެއް… ހަމަގައިމުވެސް ފުރާނައެއް ނުދާނެ… އެވަރެއް އަބްދުއްރަޢޫފެއްކަމަކު ނުކުރާނެ” ބެހެމަތްގެ މޫނުމަތިން ކުރިން ފެންނަން ހުރި އުފާވެރިކަން ގެއްލުނެވެ.
“ކީއްވެ ކޮނެގެން ނުނެގޭންވީ.. ބައްޕަގެ އަތުން ވަޅުލާފައި ހުރި އެއްޗެއްނަމަ އަހަންނަށް ވެސް ނެނގޭނެއެއްނު” އިރުކޮޅަކު ވިސްނާލާފައި ޒަލަފް އަހާލިއެވެ.
“ކަމެއްވެގެންނޭ ޒަލަފް ތި ގޮތަށް ބަންދުކޮށްފައި ތި ހުންނަނީ، އަބްދުއްރަޢޫފު ކަންތައް ކޮށްފައި އެ ހުރީ ސީދާ ޒަލަފްއަށޭ…. ކޮންމެ މީހަކަށް އެ ނެގުނަސް ޒަލަފްއަށް އެ ތަނުގައި ހުރި އެއްޗެއް ނަގަން އުނދަގޫވާނެ، އެމީހުންނާއި ޒަލަފްއާ އެއްވަރެއް ނޫން. އަހަރެން މި ބުނާ އެއްޗެއް މިހާރު ނުވިސްނުނަސް މި ޖަލުން ސަލާމަތްވީމާ ހުރިހާ ކަމެއް ވެސް އެނގޭނެ… ކޮންމެ ހާލެއްގައި ވެސް އަހަރެން ބުނާ ތަންތަން ކޮނެ އެތަނުގައި ހުރި އެއްޗެއް ނަގަންވާނެ، އެކަން ކުރާ ވަގުތު އަހަރެން ޒަލަފްއާއެކު ހުންނާނަން” ބެހެމަތް ބުންޏެވެ.
“ކޮންއިރަކުން ކޮންނަން ޖެހޭނީ” ކޮންމެވެސް ވަރެއްގެ ހާސްކަމެއް ވެރިވެފައި ހުރި ޒަލަފް އަހާލިއެވެ.
“މިރޭ އެއްތަން ކޮންނާނީ… އެކަމަކު އެއީ މެންދަމުގެ ފަހުން… އެކަހަލަ ކަންކަމަކީ ވަކި ވަގުތެއް ކަނޑައަޅައިގެން ކޮށްފައި ހުންނަ ކަންކަން. އެހެންވެ އެ ތަކެތި ކޮނެގެން ނަގަން ވެސް ވަކި ވަގުތެއްވޭ. އަހަރެން އަންނާނަން މިރޭ. އައިސް ޒަލަފްއަށް ގޮވާނަން” ބެހެމަތް ޔަޤީންކަން ދިނެވެ. އޭނާ ޒަލަފްއަށް ނަޒަރު ހުއްޓާލައިގެން ހުރި ގޮތުން ހީވަނީ ޒަލަފްއާ މެދު ކަންބޮޑުވެފައި ހުރި ހެންނެވެ. ނޫނީ ހިތުގައި ކަމެއް ފޮރުވައިގެން ހުރީ ހެންނެވެ.
“މައްސަލައެއްނެތް” ޒަލަފް މިހެން ބުނެފައި އިސްޖަހާލިއެވެ. އޭނާގެ ސިކުނޑީގައި ބެހެމަތުގެ ވާހަކަތަކުން އައު ޚިޔާލުތަކެއް އެނބުރިގަތީއެވެ. ޚިޔާލުތަކުގެ ތެރެއަށް ގެއްލި ހުރެ ދެ ބުމަ ކައިރިކޮށްލާފައި ފުންނޭވާއެއް ބޭރުކޮށްލިއެވެ. އަދި އިސްއުފުލާ ޒަލަފް ބަލާލީ ބެހެމަތް ހުރި ދިމާއަށެވެ. ނަމަވެސް ބެހެމަތް ފެންނާކަށް ނެތެވެ. ދެ ފަރާތް ހޯދާލާފައި އާންމުކޮށް ބެހެމަތް އެ ގަހެއްގެ ނިވަލަށް ވަންނަ ގަހަށް ރަނގަޅަށް ޒަލަފް ބަލާލިއެވެ. ދެން ވެސް ނުފެނުމުން ބެހެމަތް ދިޔައީ ކަމުގައި އޭނާ ނިންމިއެވެ. މަޑުމަޑުން އެނބުރި އައިސް ލަކުޑި ޑެކުގައި ހަރުކޮށްފައިވާ ސިޑީގެ ހަރުފަތެއްގެ މަތީ ޒަލަފް އިށީނެވެ.
“އެ ބުނާ އެއްޗެއް ހުރި ތަނަކުން ކޮނެގެން ނަގައިފިއްޔާ އަހަންނަށް ކިހިނެއްބާ ވާނީ. ހަޤީޤަތުގައި ވެސް އަހަރެން މިނިވަން ވެދާނެތަ، ކީއްވެބާ ބެހެމަތް އެ ބުނަނީ ބައްޕަ އުޅެނީ އަހަރެން ހައްޔަރުކޮށްގެންނޭ… ހަމައެކަނި އަހަންނަށް ގެއިން ނުނިކުމެވޭ ގޮތް ހަދާފައޭ ހުރީ… މަންމައާއި ބައްޕަ ވެސް އަބަދު ބުނަނީ އަހަރެން ބޭރަށް ހިނގައްޖެނަމަ ދެރަކަންތައްތައް ދިމާވެދާނެއޭ… އެހެންވެއްޖެއްޔާ އަހަރެން މިގެއިން ނުކުތުމުން ބޮޑު ކަންތައްގަނޑެއް ހިނގައިފާނެބާ؟… ނޭނގެ… ހަމައެއްގޮތަކަށް ވެސް ނޭނގެ… ބެހެމަތްގެ ވާހަކައަށް އިތުބާރު ކުރުމަކީ އަމިއްލަ މައިންބަފައިންގެ މައްޗަށް ޝައްކު ކުރުން، އެހެންވިޔަސް މިގެއިން ބޭރަށް ނުކުންނަން އަހަރެން ބޭނުން…. އޭރުން ދެން ވާގޮތެއް ވެސް އެނގިދާނެއެއްނު… ބެހެމަތް ބުނިހެން އަހަރެންގެ ފުރާނައަށް ގެއްލުމެއް ނުލިބޭހާ ހިނދަކު ހިތްވަރު ދޫކޮށެއް ނުލާނަން” އަމިއްލަ ނަފްސާ ޒަލަފް ވާހަކަދެއްކިއެވެ. ބިރުގަނެ ފަސްޖެހިގެން އޭނާއަށް ލިބޭނޭ މޮޅެއް ނެތެވެ. ޟަމީރަށް ވިސްނައިދޭން ޒަލަފް ބޭނުންވަނީ އެކަމެވެ. ޔަލާއާ ބައްދަލު ކުރަން އޭނާ ނުހަނު ބޭނުމެވެ. ޚާއްޞަކޮށް އޭނާގެ ހިތުގައި ޔަލާގެ ތަސްވީރު ބިންވަޅުނެގުނު ފަހުންނެވެ. އެ އަތުގައި ހިފައި ގެނެސް މޭގައި ފޮރުވާލަން ބޭނުންވަނީ ހަމައެކަނި ޒަލަފްގެ ހައްޤެއްގެ ގޮތުގައެވެ.
“މަންމަމެންނަށް އޮޅުވާލުންބާ މީ” ޒަލަފްގެ ނިންމުމާ މެދު އޭނާގެ ޟަމީރު ސުވާލުކުރި ކަހަލައެވެ.
“މިހާ ދުވަސްވީއިރު އަހަންނާ މީހަކު ބައްދަލުވިޔަކަ މަންމަމެން ނުދޭ… ޔަލާގެ ވާހަކަ ބުނެފިނަމަ ހިތްހަމަނުޖެހުމަކީ ވެސް ވެދާނެކަމެއް. ޒާލިފު ވެސް ހުންނަނީ ފާޑަކަށް. އޭނާއަށް އެ ބަދަލެއް އައިސްގެން އެ އުޅެނީ ކީއްވެ ކަމެއް ނޭނގެ. ބައްޕައަށް އަހަރެން އަންހެންކުއްޖަކާ ބައްދަލުކުރަން ދާން އުޅޭކަން އެނގިއްޖެއްޔާ ވަރަށް ރުޅި އަންނާނެ… ޒާލިފާ ޔަލާގެ ވާހަކަތައް ޚިއްޞާ ކުރާކަށް އަހަރެންގެ ހިތެއް ނޭދޭ… އޭނާ ވެސް އަހަންނަށް ކަންކަން ސިއްރު ކުރާހެން ހީވޭ… ޔަލާއާ ބައްދަލުވިޔަސް އެކަން އޭނާ އަހަރެންގެ ގާތުގައެއް ނުބުނޭ… އަނެއްކާ… ނޫން! ނޫން! އޭނާގެ ހިތް އޮތްގޮތް އެނގޭކަށް އަހަރެން ބޭނުމެއްނޫން. ޔަލާއާ ބައްދަލުކުރަން އަހަރެން ދާނަން… އާން! ދާނަން… ފަހުން މަންމަމެންނަށް ވިސްނައިދޭނީ… އަހަރެންގެ މުޅި އުމުރު މިދަނީ ބޭނުންވި އެއްވެސް ކަމެއް ނުވެ… އެކަމަކު މިފަހަރު އެހެންވިޔަކަ ނުދޭނަން… މަންމަމެންނެއްކަމަކު އަހަންނާއި ޔަލާ ދުރެއް ނުކުރެވޭނެ… ވިސްނަންޏާ އިތުރަށް ބޯހަލާކުވުން ނޫންކަމެއްނުވާނެ… އާން! އިތުރަށް ވިސްނުމުގެ ބަދަލުގައި ބެހެމަތްގެ އެހީގައި ޢަމަލީ ސިފައެއް ގެންނަންވީ… ހިތް އެދޭ ގޮތަށް ކަންތައް ކުރަންވީ…”
އިން ތަނުން ތެދުވެ ހަށިގަނޑު ދަމާލާ ކުރިއަށް މޭ ނެރިލާފައި ޒަލަފް ފުން ނޭވާއެއް ބޭރުކޮށްލިއެވެ. ހީވީ ސިކުނޑީގައި އެނބުރެމުން ދިޔަ އެކި ޚިޔާލުތައް ނޭފަތުގެ ހިނދުރިން ނެރެ ބޭރުކޮށްލީ ހެންނެވެ. އަމިއްލަ ނިންމުމުގައި ސާބިތުވެ ހުރުމަށް ކަމަރު ބަނދެލި ފަދައެވެ. އޭރު އަރައިގެން އައި އިރުގެ އަވި ސީދާ ޒަލަފްގެ ގަޔަށް އެޅިފައި ހުރިއިރު މަޑުމަޑު ހޫނުކަމެއް ވެސް އިހުސާސް ކުރެވެމުން ދިޔައެވެ. ސިކުނޑިއަށް ބާރުބޮޑުވެފައި ހުރިވަރުން ނިތްކުރިން ދާތިކީ އަސަރު ވެސް ފާޅުވެފައި ހުއްޓެވެ. ކަނާތުގެ ނުފުށުން ނިތްކުރި ފުހެލުމާއެކު އުންމީދީ ހިނިތުންވުމެއް ޒަލަފްގެ ތުންފަތުގައި ދުވެލިއެވެ. ލައިގެން ހުރި ސޯޓުގެ ކަނާތު ޖީބުން ފޯނު ނަގައި ނިކަން ފަރުވާތެރި ކަމާއެކު ޔަލާއަށް މެސެޖެއް ފޮނުވާލިއެވެ.
“ޒަލަފް…” ގޭތެރެއިން އިވިގެން ދިޔައީ އަރީޝާގެ އަޑެވެ. އޭނާ ހުރި ދިމާއަށް ޒަލަފް އެނބުރިލުމާއެކު އަރީޝާގެ ސުވާލުތައް ޒަލަފްއާ ކުރިމަތިވިއެވެ. އެހާ ހެނދުނާ ތެދުވެގެން ބޭރުގައި ކީއްތޯ ކުރަނީ އަރީޝާ އެހިއެވެ. އޭގެ ޖަވާބުގައި ޒަލަފް ދޮގެއް ހެދީ ފަތިހުން ފެށިގެން ނުނިދިގެން އުޅޭތީ އިރުއިރާތަން ބަލާލުމަށް ގެއިން ނުކުތީ ކަމުގައި ބުނެއެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރި ހަމަޖެހުމުގެ އަސަރުން އަރީޝާއަށް ކުޑަ ވެސް ޝައްކެއް ނުވިއެވެ. އޭނާ އާދައިގެ މަތިން ގިފިލީގައި އާއި ގޭގެ ބިއްދޮށުގައި ހައްދާފައި ހުރި ގަސްތަކަށް ފެންދޭން އުޅުނެވެ. އޭނާގެ ހަރަކާތްތަކަށް ބަލަން ޒަލަފް ދުރު ދުރުން އުޅެއެވެ. އެހެން އުޅުމުގައި ދޭތެރެއަކުން އަރީޝާއާ ސުވާލެއް ކޮށްލައެވެ.
“މަންމާ، އަހަރުމެންގެ ޢާއިލާގައި ދެން އެއްވެސް މީހަކު ނުހުރޭތަ” ހިކަނދިފަތް ގަހަށް ފެންދޭން ގުދަށް އޮތް އަރީޝާގެ ސަމާލުކަން ޒަލަފްއަށް ހުއްޓުނެވެ.
“ޢާއިލާގައި ދެން ކޮންބައެއްތަ ތިބެންވީ. ދަރިފުޅާއި މަންމައާއި ބައްޕައާއި ޒާލިފު ނުފުދޭތަ” ޒަލަފްގެ އަޖައިބު ކުރުވަނިވި ސުވާލުން އަރީޝާ ހުއްޓުން އަރާފައި ހުރެ ބުނެލިއެވެ.
“އެހެނެއްނޫން. އަހަރެންގެ މަންމައެއްނު ތީ… ހަމަ އެގޮތަށް މަންމަގެ ވެސް ހުންނާނެއެއްނު މަންމައަކާއި ބައްޕައެއް. އެމީހުން ކޮބާ؟ އަހަރެން ހަނދާން ހުންނަން ފެށީއްސުރެން ހަމައެކަނި ފެންނަނީ މި ކުޑަކުޑަ ޢާއިލާ… މަންމަ ވެސް ނުދައްކަމެއްނު ޢާއިލާގެ ދެންތިބި މީހުންގެ ވާހަކަ… އެމީހުން މަރުވީތަ؟ އެހެންވެތަ އެ ވާހަކަ މަންމަ ނުދައްކަނީ” ފަހަކަށް އައިސް ޒާލިފަށްވުރެ ޒަލަފްގެ ވިސްނުން ފުޅާވެއްޖެކަން އަރީޝާއަށް އެނގެއެވެ. ޢާއިލާގެ ސިއްރުތައް، ޚުދު އޭނާގެ ސިއްރުތައް ހިފަހައްޓަން މަސައްކަތް ކުރާއިރު އެކަމާ ހަމައެކަނި ސުވާލުކުރަނީ ޒަލަފްއެވެ. އެއާއެކު ކޮންމެވެސް ދުވަހަކުން ދަރިންނަށް ހަޤީޤަތް ކިޔައިދޭން ޖެހޭނެއޭ އަރީޝާގެ ޟަމީރު އެއްބަސްވިޔަސް އޭނާ އެކަމާ ދެކޮޅެވެ. ސިއްރު ސިއްރެއްގެ ގޮތުގައި ބޭއްވުމަށް އޭނާއަށް ކުރެވެން ހުރި ކަމެއް އަރީޝާ ކުރެއެވެ. މޫނުމަތީގެ ކުލަ ފަނޑުވެގެން ދިއުމުން އެކަން ޒަލަފްއަށް ފޮރުވާލީ ލުއި ހީނލުމަކުންނެވެ.
“މަންމަ ކިޔައިނުދޭކަށްނޫން. ޒަލަފް ބުނިހެން ޢާއިލާގެ އެއްވެސް މީހަކު ދުނިޔޭގައި ނެތީމައި އެ މީހުންގެ ވާހަކައެއް ނުދެއްކޭނެއެއްނު. ދަރިފުޅުގެ މާމައަކީ ވަރަށް ހިތްހެޔޮ މީހެއް، ކުރަން ނޭނގޭނެ މަސައްކަތެއް ނޯންނާނެ، ޚާއްޞަކޮށް ވަރަށް މީރުކޮށް ކައްކާނެ، އެކަމަކު ދަރިފުޅުގެ ކާފައަކީ ރުންކުރު ހަރުކަށި މީހެއް، ބުނާ ގޮތަކަށް އެކަމެއް ވާންޖެހޭނީ، އެކަތައަށްވުރެ ބުނާ ބަހުގެ ބާރު ގަދަވާނެ، ހަމަ ހިލާ ބުނެފި އެއްޗެއް ބަދަލެއް ނުކުރާނެ… ދަރިފުޅުގެ ބައްޕަ ފަރާތު ކާފައާއި މަންމަ ފަރާތު ކާފައަކީ ވަރަށް ގާތް ދެ ރަޙުމަތްތެރިން”
“އެންމެން ވެސް މަރުވީތަ؟ ކިހިނެއް؟” އަރީޝާ ދައްކަމުން ދިޔަ ވާހަކަތަކަށްވުރެ ޒަލަފް އެހެން ކަމަކަށް ޝައުގުވެރިވާހެން އޭނާއަށް ހީވިއެވެ.
“ރަށަށް އައި ބަލިމަޑުކަމެއްގައި… ފަހަރަކު މީހަކު އެކަމުގައި ނެތި ދިޔައީ…” ޒަލަފްއަށް ފުރަގަސްދީގެން ހުރި އަރީޝާ އޭނާގެ ދެ ތުންފަތް ފިއްތާލުމާއެކު ލޯ މަރާލިއެވެ. އަދި އޭނާގެ ދެބުމަ ކައިރިކޮށްލެވުނީ ހިތަށް އުނދަގޫވެގެންނެވެ. އަހަރުތަކެއް ފަހުން އޭނާގެ މައިންބަފައިންގެ މަރު ލޯ ކުރިމަތިން ސިފަވަގެން ދިޔަ ފަދަ އިހުސާސެއް ކުރެވުމުންނެވެ.
“ހާދަ ސުވާލު ގިނައޭ ޒަލަފްގެ… ދެން ދޭ އެތެރެއަށް… އިރުކޮޅަކުން މަންމަ ގޮސް ސައި ހަދައިދޭނަން” އިތުރަށް ޒަލަފްއަށް އެއްޗެއް ނުބުނެވެނީސް އަރީޝާ ވާހަކަ މެދުކަނޑާލަން ބޭނުންވީއެވެ.
ޢާއިލާއާ ބެހޭ ގޮތުންނާއި ޒަލަފްއާ ބެހޭ ގޮތުން އަރީޝާއާ ސުވާލު ކުރަން ފަށައިފިނަމަ ކޮންމެ ފަހަރަކު ވެސް ހަތިޔާރު ބަހައްޓަން ޖެހެނީ ޚުދު ޒަލަފްއަށެވެ. އެއްވެސް ކަމެއް މިހާތަނަށް އޭނާއަށް އޮޅުން ފިލާފައެއްނުވެއެވެ. ކޮންމެ ކަމެއްގެ އެނގެނީ ހަމައެކަނި މަލަމައްޗެވެ. އެތެރެވަރީގައި ވަނީ ކޮންކަމެއްކަން އެއްވެސް ފަހަރަކު އެނގޭވަރެއް އަރީޝާ ނުކުރެއެވެ. އެހެންވެ ކަރުއެލުވާލާފައި ޒަލަފް ހިނގައިގަތީ އަރީޝާ ބުނިހެން ގޭތެރެއަށް ވަންނާށެވެ.
* * * *
އޮފީހުގައި އުޅެފައި ޔަލާ ގެއަށް އައި އިރު ވެސް އޭނާގެ ސިކުނޑީގައި ވަނީ ރޭގެ ފަތިސް ވަގުތުގައި ހިނގި ކަންތަކެވެ. އޭނާއަށް ނިދީގައި ހިނގެނީ ކަމަށް ޤަބޫލުކުރެވިގެން އެކަމާ ޑރ.ވިޖޭއާ ވެސް މަޝްވަރާކޮށްލިއެވެ. އެހެންނަމަވެސް ހަޤީޤަތް ފާޅުނުކޮށް ދުރުދުރުން ސުވާލުކޮށްގެންނެވެ. ހަމައެއާއެކު ޔަލާ އަމިއްލައަށް ވެސް މަޢުލޫމަތު ހޯދިއެވެ. ފަހަރެއްގައި އޭނާގެ “ސްޓްރެސް ލެވެލް” މަތިވަނީ ކަމުގައި ވެސް ޔަލާއަށް ހީވިއެވެ. އެހެންވުން ގާތެވެ. ރީހާންއާ ހެދި ޑިއުޓީގައި އުޅޭއިރު އެ މާހައުލު ވެސް ވަނީ ހާސްކަން ގެނުވާފަދަ ތަނަކަށް ބަދަލުވެފައެވެ. އަނެއްކޮޅުން ޔަލާއަށް އަބަދުމެ ވިސްނެނީ ޒަލަފްއާ މެދުއެވެ. އޭނާގެ ހިތުގައި ޒަލަފްއަށް ޚާއްޞަކަމެއް ދެވިފައިވާއިރު އެކަން ޒަލަފްއަށް ހާމަކުރާނީ ކިހިނެއްބާއޭ ޔަލާގެ ހިތާ ސުވާލުކުރެއެވެ. އަނެއްކޮޅުން ޒަލަފްއާ ގުޅެން ބޭނުންވާއިރު އޭނާގެ ޢާއިލާއިން ޒަލަފް ޤަބޫލު ކުރާނެބާއޭ ވެސް ޔަލާގެ ހިތަށް އަރައެވެ. އަމިއްލަ ނަފްސަށް ކިތަންމެ ޔަޤީންކަމެއް އޮތަށް ކަންތައްވާނީ ކިހިނެއްކަމެއް އަންދާޒާކުރާކަށް ޔަލާއަކަށް ނޭނގެއެވެ.
“ޑިއުޓީ ނިންމާފައި އައިގޮތަށް ހާދަ ފާޑަކަށް ތިއޮންނަނީ، ތައްޔާރުވާކަށް ނުވޭތަ؟” ލުހާގެ އެނދުގައި އުއްޑުން އޮތް ޔަލާއަށް މައުނަވީ ގޮތަކަށް ބަލަން އިނދެފައި ލުހާ ސުވާލުކުރިއެވެ.
“ކުޑަކޮށް ބޮލުގައި ރިއްސާތީ މިއުޅެނީ…” މައްޗަށް ކަޅި ހުއްޓާލައިގެން އޮވެ ޔަލާ ބުނެލިއެވެ.
“އެހެންނުވާނެ، ކޮންމެވެސް އެހެންކަމެއްވެފައި ތި އޮންނަނީ… އަނެއްކާ ޒާލްއާ ދެ މީހުން މައްސަލަ ޖެހުނީތަ” ލުހާ އެއްއަތުގެ އެހީގައި ތެދުވެ އެނދުގައި އިށީންނަމުން އަހާލިއެވެ. އޭނާއަށް އޮޅުވާލުމަކީ ޔަލާއަށް ކުރަން ފަސޭހަކަމެއްނޫނެވެ. އެއްގޮތް ނެތިއްޔާ އަނެއްގޮތަކުން ވިޔަސް ޔަލާއަށް ކަމެއްވެއްޖެނަމަ ލުހާ އޮޅުންފިލުވާނެއެވެ. ހިތުގައިވާ އެއްޗެއް އެހާ ފަސޭހައިން ލުހާގެ ގާތުގައި ޔަލާއަށް ހާމަކުރެވެނީ އެހެންވެއެވެ.
“އޭނައާ މީޓް ނުވެގެން މާބޮޑަށް ހިތްނުތަނަވަސް ވަނީ ކަންނޭނގެ” ލުއި ހިނިތުންވުމަކާއެކު ލުހާއަށް ބަލާލަމުން ޔަލާ ބުންޏެވެ. އެއާއެކު ޔަލާގެ ނިތްކުރީގައި ލުހާގެ ހާނެއްކަ ނުވެ އޮތް އަތުގެ ޝަހާދަތް އިނގިލި ޖައްސާ އޮބާލިއެވެ.
“މޮޔަގަނޑު… ލަވްމޭނިއާ ޖެހުނީމާ ތިހުރިހާ ގޮތެއް ވެސް ވާނެ” ހީނހީފައި ލުހާ ބުނެލިއެވެ.
“އާން! ނުވާގޮތެއްނެތް… ރޭގަނޑު ނިދީގައި ވެސް ކަންކަން ކުރެވެނީ… އެނގޭތަ…” ޔަލާގެ ނެގިމަޑުކަން ގެއްލި ދިރުން ލިބުނު ކަހަލައެވެ. އޭނާ މަޖާ ކަމަކަށް ހަދާފައި ފަތިހު ދިމާވި ކަންތައް ލުހާއަށް ކިޔައިދިނެވެ. އެ ވާހަކަތައް އަޑުއަހާފައި ލުހާ ވެސް ފެށީ ހޭށެވެ. އެހެންވެ އެކަމަކީ އެހާ ސީރިއަސްވާންޖެހޭ ވަރު ކަމެއް ނޫންކަމުގައި ޔަލާ ވެސް ނިންމިއެވެ. އަދި ލުހާގެ ފަރާތުން އިވިގެން ދިޔަ ދިމާކުރުމުގެ ބަސްތަކުން ޔަލާގެ ހިތުގައި އޮތް ކަންބޮޑުން ފިލައި ދިޔައެވެ.
* * * *
އިރުއޮއްސުމުގެ އަސަރުތައް އުޑުމަތިން ފާޅުވޭވޭ ހުއްޓެވެ. ރަތާއި އޮރެންޖު ކުލަ ވެރިވެފައިވާއިރު ވިލާތައް ވެސް ފެންނަނީ ހުވަފެނީ ގޮތަކަށެވެ. ސާފުބޯޑު ހިފައިގެން އަފްރާހުގެ ސައިކަލު ފަހަތުގައި ޒާލިފު އިނެވެ. އެމީހުން އައިސް އަފްރާޙުގެ ގޭ ކައިރިއަށް ސައިކަލު މަޑުކޮށްލިއެވެ.
“އަހަރެން ބުނި ކަންތައް ހަނދާންކޮށް ކޮށްދެއްޗޭ” ސައިކަލު ފައިބާފައި އަފްރާހަށް ކަމެއް ޒާލިފު ހަނދާންކޮށްދިނެވެ.
“ސެޓްފިކެޓްތައް އަހަންނަށް ގެނެސްދީ، އޭރުން ދެ މީހުން ތިބެގެން ސީވީއެއް ހަދާނީ، އެއާރޕޯޓުގައި އަދިވެސް ވަޒީފާގެ ފުރުޞަތުތައް އޮތް ވާހަކަ އަލްސާ ބުނި. އަހަންނަށް ވަރަށް ހީވޭ ޒާލިފު ކުރިމަތި ލައިފިއްޔާ ލިބިދާނެހެން… ތިކަހަލަ ހެންޑްސަމް ފިރިހެނުން އެކަހަލަ ތަނަކަށް ވަރަށް މުހިންމުވާނެއެއްނު” އަފްރާޙުގެ ސީރިއަސް ވާހަކަ ދިމާކުރުމަކަށް ބަދަލުކޮށްލިއެވެ.
“މާދަމާ އަފްރާޙު އޮފީހުން ގެއަށް އަންނަ ގަޑިއަށް އަހަރެން އަންނާނަން، އޭރުން އެކަން ކޮށްލެވޭނެއެއްނު” ޒާލިފު ބުނެލިއެވެ. އޭނާގެ ވާހަކައަށް އަފްރާޙު ބޯޖަހާލިއެވެ. ދެ ޒުވާނުން ދޮރުމަތީ ތިއްބާ ދޮރޯށި ހުޅުވާލި އަޑަށް ދެ މީހުން އެއްފަހަރާ ބަލާލިއެވެ. އެހިނދު ދޮރޯށި ދޮށަށް ނުކުން އަލްސާ ފެނުނެވެ.
“އެލީ… ކޮންތާކަށް ދާން ތިއުޅެނީ” ރީތިވެލައިގެން ހުރި އަލްސާއަށް ބަލާލާފައި އަފްރާޙު އަހާލިއެވެ.
“މަންމައާއެކު…. ޒާލިފް… ކިހިނެއްތަ؟” އަލްސާއަށް އޭނާގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. އޭގެ ބަދަލުގައި އޭނާގެ ލޮލުގައި އަޅައިގަތީ އަފްރާޙާއެކު ހުރި ޒާލިފެވެ. އެ ޒުވާނެއްގެ ފުރިހަމަކަމާމެދު އަބަދުވެސް ތަޢުރީފުކުރެވޭ ޒުވާނާއެވެ.
“ރަނގަޅު… ހާދަ ރީތި މަލެކޭ” އަލްސާގެ ކަންފަތްކައިރީ އިސްތަށިގަނޑުގައި ޖަހާލަފައި ހުރި ފިޔާތޮށި ފިނިފެންމަލަށް ލޮލުން އިޝާރާތްކޮށްލަމުން ޒާލިފު ބުނެލިއެވެ. އަލްސާ ރަކި ހިނިތުންވުމަކާއެކު މަޑުމަޑުން ބޮލުގައި އިން ފިނިފެންމަލުގައި އަތްލިއެވެ. އަފްރާޙުގެ ކޮނޑުގައި ޖަހާލާފައި ޒާލިފު ގެއަށް ދިއުމަށް ހިނގައިގަތެވެ. އޭނާ ދާ ދިމާއަށް ބަލަން ހުރެފައި އަލްސާ އޭނާގެ ބޭބެއާ ސުވާލުކުރިއެވެ.
“ކޮންތާކުތަ ޒާލިފުމެން ގެ ހުންނަނީ. މި އަވަށަކު ނޫންތަ؟”
“އެލީ ކީއްކުރަން އޭނާގެ ގެ ހުންނަތަނެއް ބަލަނީ. އެގެއަށް ދާންވީތަ؟” އަފްރާޙު ބުނެލިއެވެ.
“ދެން ދޮންބޭ… އެގެއަށް ނުދިޔަޔަސް އަހާލެވިދާނެއެއްނު”
“އޭނާ އުޅޭތަނެއް ހަމަ އެނގޭނީ އޭނާއަށް… ދެން ފަހަރަކުން ތި ސުވާލު ޒާލިފާ ކުރޭ” އަފްރާޙު މިހެން ބުނެ އަލްސާގެ ގަތާފައި އޮތް އިސްތަށިގަނޑުގެ ކޮޅުގައި ހިފާ މަޑުމަޑުން ދަމާލާފައި ދޯރޯށިން ވަދެގެން ހިނގައްޖެއެވެ.
ކޮޓަރިތެރޭގައި ޒަލަފް އިން އިރު އޭނާއަށް އިރުއިރު ކޮޅާ ގަޑި ބަލާލެވެއެވެ. ނުވިތާކަށް އަބްދުއްރަޢޫފަށް ކަމެއް އެނގިދާނެތީ ވެސް އޭނާ ހުރީ ޖެހިލުންވެފައެވެ. އެހެން އިންދާ ޒާލިފު އައިސް ކޮޓަރިއަށް ވަނެވެ.
“ކިހިނެއްވީ ފުންމައިގެން ކޮޅަށް ތި ތެދުވީ” ހައިރާންވެގެން ޒާލިފު އަހާލިއެވެ.
“ކަމެއްނުވޭ… ކަމަކާ ވިސްނަން އިންދާ ކުއްލިއަކަށް ކޮޓަރިއަށް މީހަކުވަނީމަ ސިއްސައިގެން ދިޔައީ” ހަމަޖެހެން މަސައްކަތް ކުރަމުން ޒަލަފް ބުނެލިއެވެ. ސަކަ ގޮތަކަށް ހީނލާފައި ޒާލިފު އައިސް އިށީނީ ޒަލަފްގެ އެނދުގައެވެ. އޭނާއަށް ބަލާލުމުން ފެންވަރައިގެން އެ އައީ ދެންމެ ކަން އެނގެއެވެ.
“އަހަންނަށް ވެސް މިހާރު އަހަރެން އޮޅޭ… އަނެއްކާ ޒާލް ތިއުޅެނީ އަހަންނަށް ވާންތަ؟ ކުރިމަތީގައި ލޯގަނޑެއް ހުންނަ ކަހަލަ” ޒަލަފްގެ އެނދުގައި ހަމަޖެހިލައިގެން އިނދެ ޒާލިފު ބުނެލިއެވެ. އެހެންނަމަވެސް އޭނާގެ ހިތް އޮތީ މަޑަކުންނޫނެވެ.
“ރަނގަޅެއްނު. އޭރުން ބަލާ މީހަކަށް ޒަލަފް ނޫނީ ޒާލިފަކީ މިތަނުން ކާކުކަމެއް ނޭނގޭނެ… އެހެންވެއޭ މަންމަ ބުނަނީ ދެ މީހުންނެއްކަމަކު އަހަރުމެންނަކީ އެކަކޭ… ނޫންތަ” ޒަލަފް ހިނިތުންވެލިއެވެ.
“ޒަލަފްއަށް ބަދަލެއް އަންނަހެން އަހަންނަށް ހީވޭ… އަނެއްކާ މީ ރަނގަޅު ހީވުމެއްތަ؟” ހިތް ނުތަނަވަސްވެފައި އިން ޒާލިފު ސުވާލުކުރިއެވެ. ޒަލަފްއަށް ބަދަލެއް އައިސްގެން އުޅޭކަން އޭނާއަށް ހީވަނީއެއްނޫނެވެ. އެހެންނަމަވެސް ޒަލަފްގެ ފަރާތުން ކަންތައްތަކެއް އެނގެން ޒާލިފު ބޭނުންވެއެވެ. ޚާއްޞަކޮށް ދެބެންގެ ދެމެދަށް އައިސްފައިވާ ދުރުކަމުގެ ސިއްރަކީ ކޮބައިކަން އެނގެން ބޭނުންވެއެވެ.
“ކުރިން ދުނިޔެ ނުފެންނަ ގޮތަކަށް މިހާރު ދުނިޔެ ފެންނަނީ… ކިހާ ރީތި އުފާވެރިތަނެއްކަން އިހުސާސް ކުރެވެނީ… ބޭނުންވަނީ ގަސްތަކުތެރޭގައި ހިނގާލަން، އަތިރިމަތީގައި ހުރެލަން، މޫދަށް އެރިލަން…. މަސްބާނަން ދާން… ބޮއްކުރާ ދުއްވާލަން ދާން… މުޅި ދުނިޔެ ވެސް ބެލެންޏާ ބަލާލަން ބޭނުން…” ކުޑަދޮރުގެ ކައިރީ ހުރި ގޮނޑިއަށް ހަށިގަނޑު ދޫކޮށްލުމާއެކު ޒަލަފް ވާހަކަދެއްކީ ޚިޔާލީ ދުނިޔެއްގައި އުޅެމުން ދިޔަ މީހަކު ފަދައިންނެވެ.
“ތީއޭ އަހަރެން މިބުނާ ބަދަލަކީ… ތި ހުރިހާ ކަމެއް ކުރަން ޒަލަފް ބޭނުންވީ މިހާރުތަ؟ ކީއްވެ ކުއްލިއަކަށް ތި ފަދަ ޚިޔާލެއް ސިކުނޑިއަށް ވަނީ… އަނެއްކާ… އަނެއްކާ ތި ހުރިހާ ކަމަކާ ގުޅިފައިވަނީ މީހަކުތަ؟” ޒާލިފު އަހާލިއެވެ.
“ޒާލިފު ބޭރުގައި އުޅޭއިރު އެތައް ބަޔަކާ ދިމާވެއެއްނު… އެކަމަކު އަހަންނާ ބައްދަލުކުރަން ކާކު އަންނާނީ… އަހަރެން ދުނިޔޭގައި ހުރި ކަމެއް ވެސް އެނގޭ މީހަކު މި ރަށުގައި އެބައުޅޭތަ؟ ކުރިން އެފަދަ ކަންކަން މުހިންމެއްނޫން، މިހާރު އަހަރެންގެ ހިތް ބަދަލުވެއްޖެ… ޒާލިފު… އަހަރެން އަބަދު ހުންނަންވާނީ މިގޮތަށް މިގޭ ތެރޭގައި ބަންދުވެފައިތަ؟ ދުވަހަކު ވެސް އަހަންނަށް ބޭރަށް ނުކުމެ ހިތް އެދޭ ކަމެއް ކުރުމުގެ މިނިވަންކަމެއް ނުލިބޭނެތަ؟ ބައެއްފަހަރު ހިތަށް އަރާ މަންމަ އެހާ ބިރުގަންނީ ކޮންކަމަކާ ބާއޭ… އަހަރުމެންނަށް މިހާ ދުވަސްވީއިރު ވެސް އެއްވެސް ކަމެއް ދިމާވިތަ… ނުވެއެއްނު… ދެން ކޮންކަމަކާ މަންމަ ބިރުގަންނަންވީ”
“އަހަރެން ވެސް ބޭނުންވާގޮތް ތީ… އަހަރެން ކުރާ ކަންކަން ޒަލަފްއަށް ވެސް ކުރެވެންޖެހޭނެ. އަހަރެން ބައްޕަ ގާތު ބުނިން ޒަލަފްއަށް މިގޭ ކައިރިއަށް ވިޔަސް ނުކުމެވޭގޮތް ހަދައިދިނުމަށް… މަންމަ ވެސް ނުބުނަން އެ އުޅެނީ ކޮންވާހަކައެއްކަމެއް އަހަންނަކަށް ނޭނގެ… ޔަޤީނުން ވެސް ސިއްރުކުރާނީ އެ ކަމެއް ބުނުމުން ނުކުންނާނެ ނަތީޖާ ރަނގަޅުނުވާނެތީވެ… އެ ނިންމުމަށް އަހަރުމެން އިޙުތިރާމް ކުރަން ޖެހޭނެ” ޒާލިފު މިހެން ބުނެ ޒަލަފްގެ އެދުގައި ހަށިގަނޑު ދަމާލިއެވެ. އަދި އެއްފައި މައްޗަށް އަނެއްފައި އަރުވައިގެން ފައިތިލަ ތަޅުވާލަ ތަޅުވާލާ އޮތްއިރު އޭނާގެ ދެއަތްތިލަ އޮތީ ބޯދަށުގައެވެ.
“ވާހަކައެއް އަހަންތަ؟” ޒާލިފުގެ ހަރަކާތްތަކަށް އިރުކޮޅަކު ބަލަން އިނދެފައި ޒަލަފް ބުންޏެވެ. އޭނާއަށް ޒާލިފުގެ ފަރާތުން ހުއްދަ ލިބުމާއެކު ވާހަކަދައްކަން ފެށިއެވެ.
“ޒާލިފަށް ކަމުދާ އަންހެންކުއްޖަކު ފެނިއްޖެނަމަ އަހަރެން ގާތުގައި ބުނާނަންތަ؟” ޒަލަފް ބޭނުންވަނީ ޒާލިފުގެ ހިތުގައި ޔަލާއާ މެދު އެއްވެސް އިހުސާސްއެއް ވޭތޯ ބެލުމަށެވެ.
“ކީއްވެ ނުބުނަންވީ؟” ކުޑަކޮށް ހީނލާފައި ޒާލިފު ބުނެލިއެވެ.
“ޒާލިފަށް ކަމުދާ އަންހެންކުއްޖަކު އަހަންނަށް ވެސް ކަމުދިޔައީ… ދެން ކިހިނެއް ހަދާނީ…” ޒަލަފްގެ ވާހަކައިން މިފަހަރު ޒާލިފުގެ މޫނުމަތިން ސީރިއަސްކަން ފާޅުވެގެން ދިޔައެވެ.
“ޒާލްއަށް އޭނާ ކަމުދިޔައީ… އެހެންވެއްޖެނަމަ ޒާލްއަށް އެ އަންހެންކުއްޖާ ދޭނީ”
“ލޯބިވިޔަސްތަ؟” އެހާމެ އަވަހަށް ޒަލަފް ބުނެލިއެވެ.
“އާން! ލޯބިވިޔަސް ވެސް…”
“އެކަމަކު އެއީ ކީއްވެ؟ ޒާލިފު ލޯބިވާ ކުއްޖަކު އަހަރެން ޤަބޫލެއްނުކުރާނަން…” ޒަލަފް ބުނެލިއެވެ. އެނދުގައި ނޯވެވިގެން ޒާލިފު ތެދުވިއެވެ.
“ކުއްލިއަކަށް ވާހަކައިގެ މިސްރާބު މި ދިޔައީ ކޮން ދިމާއަކަށް؟ ޒަލަފްއަށް ލޯތްބަކީ ކޮބައިކަން އެނގޭތަ؟ އަންހެންކުއްޖަކު ކީއްވެ އަހަރުމެން ދެމެދަށް އަންނަންވީ…” ޒާލިފު ހަމަޖެހިލަން މަސައްކަތް ކުރި ނަމަވެސް އޭނާގެ ހިތަށް އުނދަގޫވެފައި ވެއެވެ. ނަމަވެސް ހިތުގެ އިހުސާސްތަކަށް ފުރަގަސްދެމުން ޒާލިފު އިންތަނުން ތެދުވެގެން އައިސް ޒަލަފް އިން ގޮނޑީގެ ފުރަގަހުން ކުޑަދޮރު ކައިރީ މަޑުކޮށްލިއެވެ. ގޯތިތެރެއަށް ނަޒަރު ހުއްޓާލައިގެން ހުރެ ގޮނޑީގައި އިން ޒަލަފްގެ ކޮނޑުގައި ކަނާތް ބާއްވާލިއެވެ.
“ޒަލަފްއަށް ހުރިހާ އުފަލެއް ލިބެން އަހަރެން ބޭނުން. ކުޑައިރުއްސުރެ ޒަލަފްއަށް ލިބެންޖެހޭ އެތައް ހައްޤެއް ވަނީ ގެއްލިފައި. އެހެންވީއިރު އަހަންނަށް އެނގިގެން ޒަލަފްގެ ހައްޤަކަށް އަރައެއް ނުގަންނާނަން… އަހަންނަށް އިތުބާރު ކުރޭ… ޒަލަފް ލިބޭ ކުޑަކުޑަ އުފާ ވެސް އަހަރެން ފޭރިގަނެދާނޭ ހީނުކުރައްޗޭ… ޒަލަފްއަށް އަހަރެން އަބަދުވެސް އެހީވާނަން”
“އަހަރެން ޒާލިފަށް ވުރެ ދޮށީ ކަމުގައި މަންމަ ބުނޭ، އެކަމަކު އަހަންނަށް އިހުސާސް ކުރެވެނީ އެގޮތަކަށް ނޫން. ޒާލިފަށް އަހަރެންގެ އެހީތެރިކަމެއް ބޭނުމެއްނުވޭ، އެކަމަކު ބޭބެއަކު ކޮއްކޮއަކަށް ކަންތައްތައް ކޮށްދޭނޭހެން ޒާލިފު ތި އަންނަނީ އަހަރެންގެ ކަންކަން ބަލަހައްޓަމުން، އަހަންނަށް އެހީވަމުން…” ކޮނޑުގައި އޮތް ޒާލިފުގެ އަތުގައި ޒަލަފްގެ އަތް ބާއްވާލިއެވެ.
“ކިހިނެއް އެނގެނީ ކޮންމެވެސް ދުވަހަކުން އަހަންނަށް ޒަލަފްގެ އެހީތެރިކަން ނުލިބޭނެކަމެއް” ހިނިތުންވެލަމުން ޒަލަފުގެ އިސްތަށިގަނޑާ ޒާލިފު ކުޅެލިއެވެ.
ޒާލަފާއެކު ކުޑަ ވަގުތުކޮޅެއް ހޭދެވެގެން ދިއުމާއެކު ޒާލިފު ބޭނުންވާ މިސްރާބަށް ޒަލަފްގެ ވާހަކަ އެނބުރެން ފެށިއެވެ. ކޮޓަރީގައި ހުރި ޔަލާގެ ތަސްވީރު ވިއްކާލުމަށް ޒާލިފު ޚިޔާލު ފާޅުކުރުމުން ޒަލަފް ވަގުތުން ދެކޮޅު ހެދިއެވެ. އެއާއެކު މަޑުމަޑުން ޔަލާއާ ވާހަކަތައް ގުޅުވާލަން ޒާލިފު ފެށިއެވެ. އެންމެ ފަހުން ޔަލާއާ މަގުމަތިން ދިމާވިކަމުގައި ޒަލަފްގެ ގާތުގައި ބުންޏެވެ. އެހެންނަމަވެސް އޭނާ އެކަން ހާމަކުރީ ޒަލަފްއަށް ބަދަލެއް އާދޭ ތޯ ޔަޤީން ކުރުމަށެވެ.
“އަހަންނަށް ޔަލާ ވަރަށް ކަމުދޭ” އެންމެ ފަހުން ޒަލަފްގެ ހިތުގައިވާ އެއްޗެއް ދުލުކުރިއަށް އަތުވެއްޖެއެވެ.
ނުބުނަން ހުރި ނަމަވެސް ޒަލަފްއަށް ހުރިހާ ކަމެއް ސިއްރުކޮށްގެން ހުންނަން ނުކެރުނީ އަބަދުވެސް ޒާލިފަށް ހުރިހާ ކަމެއް ކިޔައިދެމުން އަންނާތީއެވެ. ޒާލިފާއި ޔަލާ ބައްދަލުވިކަން ކުރިން ނުބުނި ނަމަވެސް މިހާރު އޭނާ އެކަން ކިޔައިދިނުމުން ޒަލަފްގެ ހިތް ސާފުވެއްޖެއެވެ. ޒާލިފު އެކަން ސިއްރުކުރީކީ ނޫންކަން ޒަލަފްއަށް އެނގުނެވެ. އުފާވެރި ހިނިތުންވުމަކާއެކު ޒާލިފުގެ ގާތުގައި ހުއްޓިލަމުން ޔަލާ އެގެއަށް ދެވަނަ ފަހަރަށް އައި ވާހަކަ ޒަލަފް ހާމަކުރިއެވެ. އަދި ޒަލަފްއާއެކު ވަގުތުކޮޅެއް ހޭދަކޮށްފައި އެނބުރި ދިޔަކަން އޭނާ ބުނުމުން ޒާލިފަށް އިންތިހާ ދަރަޖައިގެ ހައިރާންކަން ލިބިގެން ދިޔައެވެ.
“ވަޢުދުވޭ މަންމައާއި ބައްޕަ ގާތު ނުބުނާނަންކަން” ޒަލަފް އޭނާގެ އަތްތިލަ ޒާލިފަށް ދައްކާލިއެވެ. ހައިރާންކަން ވެރިވެފައި ހުރި ޒާލިފަށް ބަލާލެވުނީ ޒަލަފްގެ މޫނަށާއި އޭނާގެ އަތްތިލައަށެވެ. ހަމަ އެހިނދު ޒާލިފުގެ އަތްތިލަ ޒަލަފް ހިއްލާލިއެވެ. އަދި ބޮލުން އިޝާރާތްކުރީ އަތާއަތް ޖެހުމަށެވެ. އޭނާއާއި ޔަލާގެ ވާހަކަ އެއްވެސް މީހެއް ގާތު ނުދެއްކުމަށްވާ ވަޢުދެއްގެ ގޮތުންނެވެ. ޒަލަފްގެ މޫނަށް ބަލަން ހުރެ ޒާލިފު އަތާތާ ޖެހިއެވެ. އެއާއެކު އޭނާ ހީވެސް ނުކުރާހާ ފަދަ ގޮތަކަށް ޒަލަފްއާއި ޔަލާގެ ދެމެދުގައި އޮތް ގުޅުން އެނގިގެން ދިޔައެވެ. އިތުރު ހައިރާންކަމެއް ލިބިގެން ދިޔައީ ޒަލަފް ފޯނެއް ބޭނުންވީ ކީއްވެކަން އެނގުނީމައެވެ. ހަމައެއާއެކު ޒަލަފް ކުރިން އޭނާއާ ކުރިމަތިކުރުވި ސުވާލުތައް މަތިން ޒާލިފު ހަނދާންވިއެވެ. ޔަލާގެ މައްޗަށް ޒާލިފުގެ ހިތުގައި އިހުސާސްތަކެއް ވޭތޯ ޒަލަފް ޔަޤީން ކުރަން ބޭނުންވީކަން އެނގުނެވެ. ކުޑަދޮރުން ބޭރު ބަލަން ހުރެ ޒަލަފްއަށް ނޭނގޭނޭހެން އޭނާއަށް ލޯ މަރާލެވުނެވެ. ހީވިހީވުން މުޅިން ޔަޤީންވީއެވެ. ޔަލާއާ ހެދި ޒާލިފުގެ ހިތް ނުތަނަވަސްވެފައިވާއިރު އެ އަންހެންކުއްޖާއަކީ އޭނާގެ މީހަކަށް ދުވަހަކު ވެސް ނުވާނެކަން ޒާލިފަށް ކަށަވަރުވެއްޖެއެވެ.
“އަހަންނަށް އެހީވާނަންތަ؟ ޔަލާއާ ބައްދަލުކުރަން އެހީވާނަންތަ؟ އަހަންނަށް އެކަން ކޮށްދީފިނަމަ ދުވަހަކުވެސް އަދާނުކުރެވޭނޭ ވަރަށް ޒާލިފަށް އަހަރެން ދަރަނިވެރިވާނެ….” ޒާލިފުގެ މުލައްދަނޑީގައި ޒަލަފް ހިފާލިއެވެ. އެ ދެ ލޮލުން ޔަލާއާ ބައްދަލުކުރަން ޒަލަފް ބޭނުންވެފައި ހުރިވަރު ޒާލިފަށް ފެނިގެން ދިޔައެވެ. ދެކޮޅު ހެދުމެއްނެތި ޒާލިފު ބޯޖަހާލީ ނިކަން އަވަހަށެވެ. ޒަލަފު މި ނޫނީ ދުވަހަކު ވެސް އޭނާގެ ގާތުގައި ކަމަކަށް ނޭދެއެވެ. އޭނާއަކީ ބަންދުވެފައި ހުރި ޤައިދީއެއްކަމުގައި އިހުސާސް ކުރެވުނަ ނުދޭން ޒާލިފު މަސައްކަތް ކުރެއެވެ. ނަމަވެސް މިއަދު ޒަލަފުގެ ހިތުގެ އަޑު ސާފުކަމާއެކު ޒާލިފަށް އިއްވައިދީފިއެވެ. އޭނާ ބޭނުންވަނީ މިނިވަންވާށެވެ. ޔަލާއާއެކު އައު ދުނިޔެއެއް ބިނާ ކުރާށެވެ.
“ޒަލަފް ބޭނުންވާކަމެއް ބުނޭ… އަހަންނަށް ކޮށްދެވެން އޮތްކަމެއްވިއްޔާ ކޮށްދޭނަން، އުފާވެއްޖެ ޒަލަފް ހިތްހަމަޖެހޭ ކުއްޖަކަށް ދިމާވެއްޖެކަން އެނގުނީމަ… ޒަލަފް ބުނިހެން ތަޤުދީރު އެ އަންހެންކުއްޖާ ޒަލަފްއާ ހަމައަށް ގެނެސްދިނީ…” ހިތުގައި އުފެދުނު ރިހުން ސިއްރު ކުރުން ނޫންގޮތެއް ޒާލިފަކަށް ނެތެވެ.
ޒަލަފްގެ ކޮޓަރިން ޒާލިފު ނުކުމެގެން އައި ގޮތަށް ވަނީ އޭނާ ކޮޓަރިއަށެވެ. އެނދުގައި އޮށޯވެލުމާއެކު ޚިޔާލުގެ ބާނިތަކުގެ ތެރޭގައި ދެއަތަށް ޖަހަމުން ގޮސް އަޑިއަށް ގެބިގެން އޭނާ ހިނގައްޖެއެވެ. އޭނާގެ ހިތާ ވެސް ޔަލާ ވަނީ ކުޅެފައެވެ. އޭނާގެ ކުރިމައްޗަށް އެ އަންހެންކުއްޖާ ގެނައި ތަޤުދީރެވެ. އެހެންކަމަށްވާއިރު ތަޤުދީރު އެ ދެބެންނާ ސަމާސާ ކުރަނީ ހެއްޔެވެ. ކޮންމެގޮތެއް ވިޔަސް ޒަލަފްގެ އިހުސާސްތަކާއި އޭނާގެ އުންމީދުތައް ޒާލިފު ފުނޑުފުނޑުކޮށެއް ނުލާނެއެވެ. އަމިއްލަ ހިތް ޒަހަމްކޮށްލައިގެން ވިޔަސް އޭނާ ޒަލަފްގެ ހިތް ހިމާޔަތް ކުރާނެއެވެ. ކުޑައިރުއްސުރެ އޭނާގެ ހިޔަނިހެން ޒަލަފް ގެންގުޅުނެއްކަމަކު މިއަދު ޒަލަފްގެ ހިޔަނިހެން ޒާލިފު އުޅޭނެއެވެ. ޒަލަފްގެ އުފަލަށްޓަކައެވެ. އެހެންވިޔަސް ދޭންޖެހޭ ޤުރުބާނީގެ އަގުބޮޑުކަމުން ޒާލިފުގެ ހިތަށް ތަދުވަނީއެވެ. ތަޤުދީރުގެ ސަމާސާއާ ހިތް ނުރުހިފައިވެއެވެ.
* * * *
ތަޤުދީރުގެ ނިޔާއާ މެދު ރުހިފައި ޔަލާވާއިރު އޭނާގެ ދެ ލޮލުގައި ވިދަމުން ދިޔައީ ޒަލަފްއާ ބައްދަލުވެވޭނެ އިރަކަށް ކުރެވޭ އިންތިޒާރެވެ. މީހުންގަނޑުގެ ތެރޭގައި އެކަހެރިކޮށް ހުރި ޔަލާ އަތުގައި އޮތް ފޯނުން ޒަލަފްއަށް މެސެޖު ކުރަމުން ދިޔައެވެ. އޭނާގެ ސަމާލުކަން އަތުލީ މޭޒުދޮށުން ބޮޑު ހިޔަންޏެއް ހުރަސްކަނޑާލުމުންނެވެ. އިސްއުފުލާ ބަލާލީ ސިތާރާ އައީ ކަމުގައި ހީކޮށެވެ. އެހެންނަމަވެސް މޭޒު ދޮށުގައި އޭނާ ނޫން މީހަކު ނެތެވެ. ކައިވެނި ޙަފުލާގައި ޖަހާފައި ހުރި މިއުޒިކުގެ އަޑު ފަޒާއަށް ފެތުރިފައި ވެއެވެ. އިސްކޫލުގެ ހުސްބިމުގައި ބާއްވާފައި އޮތް އެ ޙަފުލާގައި މޭޒުތައް ދޮށުގައި އެތައް ބަޔަކު ތިއްބެވެ. ފޮތިގަނޑަކުން ނިވާކޮށްފައި ހުރި މޭޒުގެ ދަށުން ބުޅަލެއް ގޮވާލިއަޑު ޔަލާއަށް އިވިފައި ކުއްލިއަކަށް ފައިދޮށަށް ބަލާލިއެވެ. އެހިނދު ފުންމައިގެން ޔަލާއަށް ތެދުވެވުނެވެ. ކަންބޮޑުވެފައި މޭޒާ ދުރަށް ދުއްވައިގަތެވެ. ހާސްވެފައި ހުރެ ސިތާރާ ކޮބައިތޯ ހޯދަން ފެށިއެވެ.
“ކީއްވެ މޭޒު ކައިރީ ނީނދެ ތިއައީ” ސިތާރާއަށް މޭޒުތައް ދޮށުގައި އެނބުރެމުން ދިޔަ ޔަލާ ފެނިގެން އަވަހަށް އޭނާގެ ގާތަށް އައެވެ.
“ބުޅަލެއް… މޭޒު ދަށުގައި…” ޔަލާ އޭނާ އިން މޭޒަށް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ.
“މިހާ މީހުން އުޅެނިކޮށް ވެސް ބުޅާ ވަދޭތަ؟ ހިނގާބަލަ…” ސިތާރާ މިހެން ބުނެ އައިސް މޭޒުގެ ފޮތިގަނޑު ހިއްލާ ބެލިއެވެ. އެތަނުގައި އެއްވެސް އެއްޗެއް ނެތެވެ. ޔަލާ ކަންބޮޑުވެފައި ހުރިވަރު ފެނި އޭނާ ދޫކޮށްލާފައި އެއްވެސް ތަނަކަށް ދާކަށް ސިތާރާ ބޭނުމެއްނުވިއެވެ. އެހެންވެ ޔަލާއާ ވާހަކަ ފެށި ގޮތަށް މޭޒު ދޮށުގައި އިނެވެ. ޙަފުލާއަށް އައި މީހުންތައް މަދުވާން ފެށުމުން ސިތާރާ ވެސް ޔަލާ ގޮވައިގެން ކައިވެނި ޙަފުލާއިން ނުކުންނަން ދިޔައެވެ. އޭގެ ކުރިން ދެ މީހުން ވެސް އަލަތު ދެ މަފިރިންނަށް މަރުޚަބާ ކިޔައި އެ މީހުންނާއެކު ފޮޓޯ ނެގިއެވެ.
“އަހަންނަށް މާގިނައިން ބުޅާ ފެންނަ ދުވަސްކޮޅެއް މީ… ލުހާ… އަނެއްކާ އެއީ ގޯހެއްތަ؟ އެނގޭތަ… އަދި ފެންނަނީ ވެސް އެއްގޮތަކަށް އޮންނަ ބުޅަލެއް… ރަތް ކަޅިއެއް ހުންނަ ކަޅުކަޅު ބުޅަލެއް، އެ ސޮރު ބަލާލާ ގޮތުން އަހަރެން ވަރަށް ބިރުގަނޭ” ގެއަށް އައިސް ފެންވަރާ ތާޒާ ވެލައިގެން ލުހާގެ ކޮޓަރިއަށް ޔަލާ އައިސް އެނދުގައި އޮތެވެ. އޭރު ލެޕްޓޮޕު ހިފައިގެން ލުހާ ފޭސްބުކްއަށް ވަދެ އޮތެވެ.
“ޔާލް ވެސް ދެން މޮޔަވާހަކަ ދައްކާނެ…. މި ރަށުގައި ކަޅުބުޅާ ވަރަށް ގިނަވާނެ” ލެޕްޓޮޕުގެ އިސްކުރީނާ ނަޒަރު ވަކިކޮށްނުލާ ލުހާ ބުނެލިއެވެ.
“ހޫން! ދެން އެންމެ ރަނގަޅޭ… އަހަރެން ނިދާނީ މިރޭ މިކޮޓަރީގައި” ޔަލާ ބުނެލިއެވެ.
* * * *
ނިދަން ބޭނުންވިޔަސް ޒަލަފްގެ ލޮލަކަށް ނިންޖެއް ނައެވެ. އޭނާއަށް އިންތިޒާރު ކުރެވެނީ ބެހެމަތް އައިސް ގޮވާނެ އިރަކަށެވެ. އިރުއިރުކޮޅާ ގަޑި ބަލާލައެވެ. އެހެން އުޅެނިކޮށް ގަޑިން ތިނެއް ޖެހިތާ ގިނައިރެއް ނުވެއެވެ. އެނދުގައި އޮތް ޒަލަފްގެ ކަންފަތުގައި ބެހެމަތްގެ އަޑު ޖެހިއްޖެއެވެ. ޒަލަފް ތެދުވެގެން އައިސް ކުޑަދޮރު ބަލާލިއިރު ބެހެމަތް ފެންސުގެ ކައިރީ ހުއްޓެވެ. އޭނާގެ މޫނުމަތިން ސީރިއަސްކަން ފައުޅުވޭވޭ ހުއްޓެވެ. އެނބުރިލާފައި ކޮޓަރިން ނުކުންނަން އުޅުމުން ބެހެމަތް އޭނާ ހުއްޓުވިއެވެ. ބެހެމަތް އެންގީ ކުޑަދޮރުން ނުކުތުމަށެވެ. ގޭގެ މައިދޮރު ބޭނުން ނުކުރުމަށެވެ. އެކަމާ ސުވާލެއް ނުކޮށް ޒަލަފް ކުޑަދޮރު ހުޅުވާލިއެވެ. އަދި ހަލުވިކަމާއެކު ކުޑަދޮރުން ބޭރަށް ދެމިގަނެ ވީހާ ވެސް މަޑުން ބިމުގައި ޖެހޭނޭ ގޮތަށް ފުންމާލިއެވެ. ނަމަވެސް ހަމަހިމޭން އެ މާޙައުލުގައި ކުޑަކުޑަ އަޑެއް ވެސް އެތައްގުނަ ބާރު ވެގެން ދިޔައެވެ. އިރުކޮޅަކު މަޑުކޮށްލާފައި ޒަލަފް ހިނގައިގަތީ ބެހެމަތްގެ ގާތަށެވެ.
“އަހަރެން ބުނިހެން ޒަލަފްއަށް އެތަންތަން ކޮނެގެން އެތާ ހުރި އެއްޗެއް ނަގަން އުޅުމުގައި ކޮންމެ ފަދަ ގޮތެއް ވެސް ވެދާނެ، އެހެންވީމަ އެ ފަދަ ކަމަކަށް ތައްޔާރުވެގެން ހުރެ މަސައްކަތް ފަށަންވާނީ” ބެހެމަތް ހަނދާންކޮށްދިނެވެ.
ޒަލަފް ބޯޖަހާލުމާއެކު ބެހެމަތް ފެންސުގެ ބޭރުގައި ހުރެ ހިނގައިގަތެވެ. އޭނާއާއެކު ޒަލަފް ވެސް ހިނގައިގަތެވެ. ފެންސުގެ ގޭޓާ ތިންފޫޓު ވަރަކަށް ދުރުގައި ހުރި ދިމާއަށް ބެހެމަތް އިޝާރަތްކޮށް އެ ތަން ކޮނުމަށް ބުންޏެވެ. ޒަލަފް އައިސް އުޑުފައިން އިށީނދެ ވެލިގަނޑު ކޮންނަން އަތްޖައްސާލުމާއެކު ބެހެމަތް އެދުނީ އެއްޗެއްގެ އެހީގައި ކޮނުމަށެވެ. އެއާއެކު ފަރާތްފަރާތް ހޯދާލާފައި ދަނޑިކޮޅެއް ހިފައިގެން ޒަލަފް އައެވެ. އަދި އެ ދަނޑިކޮޅުގެ އެހީގައި ބެހެމަތް ދެއްކި ތަން ކޮންނަން ފެށިއެވެ. ވަކިވަރަކަށް ކޮނުނުތަނާހެން އެއްޗެއްގައި ޖެހިއްޖެކަން ޒަލަފްއަށް ޔަޤީންވިއެވެ. އެއާއެކު އެ ޖެހުނު އެއްޗެއްގެ ވަށައިގެން ދަނޑިކޮޅުން ކޮނުނެވެ. އޭނާއަށް ފެނުނީ ކުޑަ ބިއްލޫރި ފުޅިއެކެވެ. ބެހެމަތްއަށް ބަލާލުމާއެކު ކެތްތެރިކަން ކުޑަވެފައި ހުރި ޒަލަފް ދަނޑިކޮޅު އެއްފަރާތްކޮށްލުމާއެކު ވަޅުގަނޑު ތެރެއިން ފުޅިނެގުމަށް އުޅުނެވެ. އެހިނދު ވަރުގަދަ އައްޔެއް ކެނޑިގެން ދިއުމާއެކު ޒަލަފްގެ އަޑު އިވިގެން ދިޔައެވެ. ކަންބޮޑުވެފައި ހުރި ބެހެމަތްއަށް އަވަސްއަވަހަށް ޒަލަފްއަށް ގޮވާލެވުނެވެ.
“އަހަރެންގެ އަތް… ފިހިފައި މިއޮތީ… ބަލާބަލަ…” ވޭނުން ފުރިގެންވާ ފަދަ ގޮތަކަށް ޒަލަފް އަތުގައި ހިފަހައްޓާލައިގެން އިނދެ ބެހެމަތްއަށް ދައްކާލިއެވެ.
“މަޑުކުރޭ… އެބައަންނަން…” ބެހެމަތް މިހެންބުނެ ކުއްލިއަކަށް ގެއްލިއްޖެއެވެ. އަތުން ފާޑެއްގެ ދިލައެއް ނަގަން ފެށުމުން ޒަލަފްއަށް ވޭނީ އާހެއް ބޭރުކޮށްލެވުނެވެ. އަދި ފިހިފައި އޮތް އަތުގެ ކުޑަހުޅުގައި ބާރަށް ހިފަހައްޓާލެވުނެވެ.
“އަވަހަށް އަތުގައި މި ހާކާލާ” ޒަލަފްގެ ފައިކައިރިއަށް ވެއްޓުނީ ދޮންކެޔޮ ފަތުގެ ބައެކެވެ. އޭރު ފެންސުގެ ބޭރުގައި ބެހެމަތް ހުއްޓެވެ. ދޮންކެޔޮފަތުގައި މޮޑެފައި ހުރި އެއްޗެއް ހުއްޓެވެ. ބެހެމަތް އެދުނުހެން އެ އެއްޗެއް ނަގައި ޒަލަފްގެ ފިހިފައި އޮތް އަތުގައި އުނގުޅާލިއެވެ. ދިލަ ތިރިވާގޮތް ނުވިޔަސް ކުރިން ކުރެވެމުން ދިޔަ އުނދަގޫތަކަށް ލުއިވިހެން ޒަލަފްއަށް ހީވިއެވެ.
“ޒަލަފްއަކަށް ތިއެއް ނުނެގޭނެ… ދެން ޖެހޭނީ ކޮންމެވެސް އެހެން ގޮތަކުން ނަގަން… އެހެންނޫނީ ޒަލަފްގެ އަތް އެއްކޮށް ފިހިދާނެ. ތީ އެންމެ އެއްޗެއް… އަދި ކޮބާ ދެން ހުރި ތަންތަން ކޮނުން” ބެހެމަތް ކަންބޮޑުވުން ފާޅުކުރިއެވެ.
“ޒާލިފު އަހަންނަށް މިކަން ކޮށްދޭނެ، އޭނާއާ އަހަރެން ތަފާތެއްނު… އޭނާއަށް ބޭރަށް ނުކުމެވޭ، އެހެންވީމަ އޭނާއަށް މީގެ އަސަރެއް ނުކުރޭ” ޒަލަފް ބުނެލިއެވެ. އެއާއެކު ވަގުތުން ބެހެމަތް ދެކޮޅު ހެދިއެވެ. އެއްވެސް މީހަކަށް ނޭންގުމަށް އޭނާ ބުންޏެވެ.
“އަހަރެން އޭނާއަށް ފުރިހަމައަށް އިތުބާރުކުރަން، އޭނާ އަހަންނަށް އެހީވާނެ” ޒަލަފް ޔަޤީންކަމާއެކު ބުނެލިއެވެ.
“އަހަންނަށް ނޭނގެނީއެއްނޫން ޒަލަފްއާއި ޒާލިފު ތަފާތުކަން… އެހެންވިޔަސް އަހަރެން އޭނާއަށް އިތުބާރެއް ނުކުރަން. މިހާރު ވެސް އޭނާ އެ ހުރީ ހަށިރައްކަލަށް ކަމެއްކޮށްގެން… އޭނާ ބޭނުން ވަގުތަކު ގެއިން ނުކުމެވޭނޭހެން… އަނެއްކޮޅުން އަހަރެން ބޭނުމެއްނޫން ޒަލަފްއަށް ގެއްލުމެއްވާކަށް…” ބެހެމަތް ހުރީ އިންތިހާއަށް ކަންބޮޑުވެފައެވެ. އޭނާއަށް އާދެވޭނެނަމަ ފެންސުން އެތެރެވެ ޒަލަފްގެ ގާތުގައި ހުރީހެވެ.
“އަހަންނަށް ދޯ ޒާލިފުގެ ގޮތް ބޮޑަށް އެނގޭނީ” ޒާލިފަށް އިތުބާރުކުރާވަރު ޒަލަފްގެ މޫނުމަތިން ވެސް ބެހެމަތްއަށް ފެނިގެން ދިޔައެވެ. އިތުރަށް ޒަލަފްއާ ދެކޮޅު ހަދަން އޭނާއަށް ނުކެރުނީ އެހެންވެއެވެ.
އިން ތަނުން ޒަލަފް މަޑުމަޑުން ތެދުވެގެން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. އެވަގުތު ބެހެމަތް ޒަލަފްއަށް ގޮވާލިއެވެ.
“އޭނާ ނެރެން ޖެހޭނީ ޒަލަފްގެ ކޮޓަރީގައި ހުރި ކުޑަދޮރުން. އެހެން ދޮރަކުން ނުކުމެއްޖެނަމަ އަބްދުއްރަޢޫފަށް އެނގޭނެ… އޭނާ ވަޅުލާފައި ހުރި އެއްޗެއްގައި އަތްލާފައި އެނބުރި ތިގޭގެ ދޮރަކުން ވަދެއްޖެނަމަ އޭނާއަށް ހުރިހާ ކަމެއް ފަޅާއަރާނެ، އަނެއްކޮޅުން އޭނާ ކަމެއްނުކޮށް ހުރި ހަމައެކަނި ތަނަކީ ޒަލަފްގެ ކޮޓަރި”
ބެހެމަތް ހިތްހަމަނުޖެހިފައި ހުރެ ވެސް ސަމާލުވުމަށް ޒަލަފްއަށް ނަސޭޙަތްތެރިވިއެވެ. ވަގުތުން ބޯޖަހާލި ގޮތަށް ޒަލަފް ހިނގައިގަތީ އޭނާ ފުންމާލި ކުޑަދޮރާ ދިމާއަށެވެ. ގޭގެ ބިއްދޮށުގައި އޮތް ހަރުގަނޑު ނަގައިގެން ގެނެސް ކުޑަދޮރުގެ ކައިރީ ޖެއްސުމާއެކު އެއް އަތުން ހަރުގަނޑު ރަނގަޅަށް ހަމަކޮށްލިއެވެ. އަދި ވައިރޯޅިއެއް ފަދައިން ބިމުގައި ހުރެފައި ފުންމާލި ޒަލަފް އައިސް ހިފީ ހަރުގަނޑުގެ އެންމެ މަތީ ހަރުފަތުގައެވެ. ހުޅުވާފައި ހުރި ކުޑަދޮރުން ނިކަން ފަސޭހަކަމާއެކު ކޮޓަރިތެރެއަށް ޒަލަފް ވަނެވެ. އެންމެ އަތެއްގެ އެހީގައި އޭނާ އެ ހުރިހާ ކަމެއް ކުރިއިރު އެއްވެސް ދަތިކަމެއް ފާހަގައެއް ނުވެއެވެ.
ޒާލިފުގެ ކޮނޑުގައި މީހަކު ކޮއްޓަން ފެށުމުން މަޑުމަޑުން ލޯ ހުޅުވާލިއެވެ. އެއާއެކު ފެނުނީ އެނދާ ދިމާއަށް ހުރި ބޮޑު ހިޔަންޏެވެ. ލޯ އުނގުޅާލާލަމުން އެ ހިޔަންޏަށް ރަނގަޅަށް ބަލާލާފައި ކާކުތޯ ޒާލިފު އެހިއެވެ.
“ޒަލަފް…” ޒަލަފް އޭނާ އަމިއްލައަށް ބުނެލިއެވެ.
ޒާލިފު ތެދުވެ އެނދުގައި އިށީނދެފައި ތެޔޮބައްތީގެ ފީތާ ބޮޑުކޮށްލިއެވެ. އެއާއެކު ބޮޑުވެގެން ދިޔަ ހުޅުކޮޅުގެ އޮރެންޖު އަލީގައި ޒަލަފްގެ މޫނު ފާޅުވެގެން ދިޔައެވެ.
“ޖެނެރޭޓަރު މައްސަލަޖެހޭތީ ބައްޕަ ބުނީ ނިދަންވަންނަންވީމާ ނިއްވާލާށޭ، އެހެންވެއޭ ކަރަންޓުނެތީ” ޒާލިފު ހީކުރީ ކަރަންޓު ނެތިގެން ޒަލަފް އައި ކަމަށެވެ.
“އަހަންނަށް ވަރަށް ބޮޑުކަމެއް ކޮށްދޭންވެއްޖެ” ޒަލަފް ބުނެލިއެވެ.
“މިގަޑީގައިތަ؟ ކިހާ އިރެއް ވެގެން އެ އުޅެނީ” ނިދީގެ އަސަރު ނުފިލާ ހުރި ޒާލިފު ބުނެލިއެވެ.
“ދަންވަރު… މިގަޑީގައި މި އައީ ހަމަ ކޮންމެހެން ވެސް ޒާލިފުގެ އެހީއެއް ބޭނުންވެގެން، އަހަންނަށް އެހީތެރިވެދޭނަމޭ ޒާލިފު ބުނީމެއްނު… އަހަންނަށް މިވަގުތު ޒާލިފުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުން، މިކަން ކޮށްދީފިނަމަ މުޅި އުމުރު ދުވަހު ޒާލިފުގެ ހެޔޮކަން އަހަރެން ހަނދާންނައްތައެއްނުލާނަން، ޒާލިފަށް އަހަރެން ދަރަނިވެރިވާނެ”
ޒަލަފްގެ ވާހަކައިގައި ހުރި ސީރިއަސްކަން ނަގައިގެންނަން ޒާލިފަށް އިރުކޮޅެއް ނެގިއެވެ. އަތުގައި އޮތް ތެޔޮބައްތި އެއްފަރާތުގައި ބަހައްޓާފައި ޒާލިފު ދެ އަތުން މޫނު ފުހެލިއެވެ. އަދި ފުންނޭވާއެއް ބޭރުކޮށްލުމާއެކު އެނދުން ތެދުވިއެވެ.
“އަހަރެންގެ ކޮޓަރިއަށް ހިނގާ” ޒަލަފް އަވަހަށް ބުނެލިއެވެ. އިތުރަށް އެއްޗެއް އަހަން އުޅެފައި ވެސް އެނދުގެ ފައިލާކޮޅު ފަޑީގައި އަޅުވާފައި އޮތް ޓީޝާޓު ނަގައިން ޒަލަފްއާއެކު ޒާލިފު ހިނގައިގަތެވެ.
ދެ ޒުވާނުން އައިސް ޒަލަފްގެ ކޮޓަރިއަށް ވަނެވެ. ހުޅުވާފައި ހުރި ކުޑަދޮރުން މަޑުމަޑުން ވައިރޯޅިއެއް ވަދެގެން އައިސް އެ ދެ ޒުވާނުންގެ ގައިގާ ބީހިލިއެވެ. އަތުގައި އޮތް ޓީޝާޓު ގަޔަށް ހެޔޮވަރުކޮށްލާފައި ޒަލަފްއާ ސުވާލުކުރަން އުޅުނު ވަގުތު ޒާލިފަށް ޒަލަފްގެ އަތް ފެނުނެވެ.
“އަތުގައި ކޯއްޗެއް ތިހިރީ، ޗަކަސްތަ… ކުލަތަ”
“ޒާލިފު، އަހަރެން މި ދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާ، އަހަރެން މަރުވެދާނީ މިގޭގައި ބަންދުވެފައި ހުރެކަން އަހަންނަށް މިހާރު އެނގޭ… އެކަމަކު އެހެންވާކަށް އަހަރެން ބޭނުމެއްނޫން، އަހަރެން ބޭނުންވަނީ ޔަލާއާ ބައްދަލުކުރަން… އެހެން މީހުން ފަދައިން ދިރިއުޅުމެއް ފަށަން، އަމިއްލަ ކަންކަން ނިންމުމުގެ ފުރިހަމަ މިނިވަންކަން… މިގޭގެ ވަށައިގެން މިވާ ދަގަނޑު ފެންސު ބައްޕަ އެ ވަނީ ފަންޑިތައިގެ ބާރުން އަހަންނަށް ޖަލުގެ ތޭރިތަކަކަށް ހަދާފައި… އެ ފެންސުން ބޭރަށް އަހަންނަށް ނުދެވޭގޮތް ހަދާފައި، އެކަމަކު އަހަރެން މިއުޅެނީ އެ ފެންސުން ބޭރަށް ނުކުންނަން ވެގެން… އެކަން ކުރަން އުޅުމުގެ ތެރޭ އަހަރެންގެ އަތްތިލަ މިވަނީ ފިހިފައި، އަހަންނަށް ކޮށްފައި ހުރި ކަމެއްވީމާ އަހަންނަކަށް އެ އެއް ނުނެގޭނެ… ޒާލިފު… އަހަންނަށް އެހީތެރިވެދީ… އެ ތަކެތި ވަޅުލާފައި ހުރި ތަންތަން ކޮނުމުން އެ ތަނުގައި ހުރި އެއްޗެއް އަހަންނަށް ނަގައިދީ” ޒަލަފް އޭނާގެ އަތަށް ބަލާލާފައި ޒާލިފަށް ބަލާލީ އުންމީދާއެކުއެވެ.
“ކޮންތަނެއްގައި ހުރި ކޯއްޗެއްތަ؟” ރަނގަޅަށް ވާނުވާ ނޭނގި ހުރި މީހަކު ފަދައިން ޒާލިފު ވާހަކަދެއްކިއެވެ.
“ބައްޕައެއް ކަމަކު އަހަރެން މިގޭގައި ހައްޔަރުކުރަންވީ ކީއްވެ؟ ފެންސުގެ ހަތް ތަނެއްގައި ބައްޕަ ކަންތައްކޮށްފައި އެއްޗެހި ވަޅުލާފައި ހުރީ، އެހެންވެ އަހަންނަށް ފެންސުން ބޭރަށް ނުނިކުމެވެނީ. އެކަމަކު އެތަނުން ބައެއް އެއްޗެހި ނަގައިފިނަމަ އަހަންނަށް ބޭރަށް ނުކުތުމުގައި ކާމިޔާބުވާނެ… ހަމައެކަނި މައްސަލައަކީ އަހަންނަށް އެ ތަކެތި ނުނެގޭކަން، ނަގަން އުޅުމުން އަހަރެންގެ އަތް މިއޮތީ ފިހިފައި…” ޒާލިފާއި ގާތަށް ޖެހިލާ ޒަލަފްގެ އަތްތިލަ ދައްކާލިއެވެ.
“ޒަލަފް، ތިކަން ކުރަން ތި އުޅެނީ ވަރަށް ވިސްނާފަތަ. މަންމަ އަބަދުވެސް ބުނެއެއްނު، ޒަލަފް ބޭރަށްދާން ހުއްދަ ނުދެނީ އެކަމުގެ ސަބަބުން ނުކުމެދާނެ ނަތީޖާ ރަނގަޅުނުވާނެތީއޭ…”
“ކޮބާ އަހަރެން ބުނީމެއްނު އޭނާ ޒަލަފްއަށް އެހީއެއްނުވާނެއޭ” ޒާލިފުގެ ވާހަކަ ނުނިމިގެން އުޅެނިކޮށް ޒަލަފްގެ ކަންފަތުގައި އައިސް ޖެހުނީ ބެހެމަތްގެ އަޑެވެ.
“ޒާލިފު ވެސް ބޭނުންވަނީ އަހަރެން މިތަނުގައި މުޅި އުމުރު ދުވަހު ބަންދުވެގެން ހުންނަންތަ؟ އަހަރެން ބޭނުންވާ ގޮތް ޒާލިފަށް ކިޔައިދިނީ ހަމައެކަނި އަހަރެންގެ އިހުސާސްތައް އެނގޭނެ މީހަކީ ތީ ކަމަކަށް ހީކޮށް… ވަރަށް އިތުބާރުކޮށްފައި… އަހަންނަކަށް އެހާ ވަގުތެއްނެތް ޒާލިފާ ބަހުސްކުރަން މިތަނުގައި ހުންނާކަށް. އަހަންނަށް ޒާލިފު އެހީނުވަންޏާ އަހަރެން އަމިއްލައަށް އެކަން ކޮށްފާނަން… މި ޒަހަމް ވާނީ ވަގުތީ އެއްޗަކަށް، އެހެންނަމަވެސް މިކަން އަހަރެން ކުރުމުން ލިބޭ މިނިވަންކަން އިރާދަކުރެއްވިއްޔާ ދާއިމަށް ދެމިގެންދާނެ… މަންމައާއި ބައްޕަ ބުންޏަސް، އަހަރެން ބަންދުކޮށްގެން މިގޮތަށް ގެންގުޅުމަކީ ރަނގަޅުކަމެއްކަމަށް ޒާލިފަށް ފެންނަންޏާ އަހަންނަށް އެހީ ނުވިޔަސް އެންމެ ރަނގަޅު” ޒަލަފް އޭނާގެ ބަސްތައް އިއްވާލުމަށްފަހު އެނބުރި ހިނގައިގަތީ ކުޑަދޮރާ ދިމާއަށެވެ.
“މަޑުކޮށްބަލަ… ޒާލް… އަހަރެން އަބަދުވެސް ހުންނާނީ ޒާލްއާއެކު… ހިނގާ… އަހަރެން ތިޔަކަން ކޮށްދީފާނަން، އެކަމަކު ބައްޕައަށް މިކަން އެނގިއްޖެއްޔާ ދެން ކިހިނެއް ހަދާނީ” ޒާލިފު ކުރިއަށް ޖެހިލާ ބުނެލިއެވެ.
“ނޭނގޭނެ… ޤަބޫލުކުރޭ” ޔަޤީން ޒަލަފްގެ ދެ ލޮލުން ފައުޅުވޭވެހުއްޓެވެ. އޭނާ ކުޑަދޮރާ ދިމާއަށް ހިނގައިގަތުމުން ޒާލިފު އަނެއްކާ ވެސް ބުނެލީ އޭނާ ޒަލަފްއާއެކު ދާން އެއްބަސްކަމުގައެވެ. އެހެންވީމަ ކުރަންވީކަމެއް ކުރުމަށް ދިއުމަށް އޭނާ އެދުނެވެ. އެހިނދު ހިނިތުންވެލި ޒަލަފް އިޝާރާތްކޮށްލީ ކުޑަދޮރަށެވެ.
“މިހެން އަހަރުމެން ނުކުންނާނީ” ޒަލަފް ބުނެލިއެވެ. އަދި ކުޑަދޮރުން ބޭރަށް އޭނާ ނުކުމެ ހަރުގަނޑުން ވަކި ހިސާބަކަށް ފޭބުމަށްފަހު ފުންމައިލައިފިއެވެ. އަދި ޒާލިފު ފައިބަންދެން ހުރެފައި އޭނާ އައުމުން ދެ މީހުން އެކުގައި ހިނގައިގަތީ ފެންސުގެ ގޭޓު ކައިރިން ކޮނެފައި ހުރި ސަރަޙައްދަށެވެ.
“މީތަނުގައި ކޯއްޗެއް އޮތީ” އަނދިރިކަމަށް ލޯ ހޭނިފައި ހުރި ޒާލިފު އޭނާގެ ކުރިމަތިން ފެންނަން އޮތް ފުންވަޅުގަނޑަށް ބަލަހައްޓައިގެން ހުރެ އަހާލިއެވެ.
“ނޭނގެ… ފުޅިއެއް ކަހަލަ އެއްޗެއް ހެން ހީވަނީ، އަހަރެންގެ އަތް ޖެހުމާއެކު ހީވީ ދޮންދަގަނޑެއްގައި ހިފުނުހެން” ޒަލަފްއަށް ވީގޮތް އޭނާ ކިޔައިދިނެވެ.
ދެ ޒުވާނުން ކަންތައް ކުރާގޮތް ބަލަން ބެހެމަތް އެތަނުގައި ހުއްޓެވެ. އެހެން ހުރިއިރު ޒާލިފު އެއްފަހަރު ވެސް އޭނާއާ ދިމާއަށް ބަލާނުލާތީ ޒަލަފްއަށް ޔަޤީންވީ ބެހެމަތް އެތަނުގައި ހުރި ކަން ޒާލިފަށް ނޭނގެނީ ކަމެވެ. ބެހެމަތް ފެންނަނީ ހަމައެކަނި ޒަލަފްއަށް އެކަންޏެވެ. އެހެންވެ އޭނާ ވެސް ބެހެމަތްއާ ވާހަކައެއް ނުދައްކައެވެ. ބެހެމަތް އިރުޝާދު ދިން ގޮތަށް ޒާލިފު ލައްވާ ޒަލަފް މަސައްކަތް ކުރިއަށް ގެންދިޔައެވެ.
“ގޭތެރެއަށް ތިއެތި ނުވައްދާތި، އަތުގައި ހުރި ބާރެއްލާފައި އެ ފަރާތަށް އެއްލާލާ، އެއަށްފަހު ދެން ހަދަންވީ ގޮތެއް އެއަށް އަހަރެން ހަދާނަން” ވަޅުގަނޑުގެ ތެރެއިން މަތިގަނޑާ ހަމައަށް ވަށައިގެން ރޯނު އޮޅާފައި އޮތް ބިއްލޫރި ފުޅި ޒާލިފު ނެގިތަން ފެނިފައި ބެހެމަތް ބުންޏެވެ. އެހިނދު ޒަލަފް އެ ފުޅި ޒާލިފުގެ އަތުން އަތުލައި ބެހެމަތް ބުނިހެން ގެއާއި ދުރަށް ވައުގަނޑުގެ ތެރެއަށް އެއްލާލަން ތައްޔާރުވެލިތަނާ ބެހެމަތް ހަޅައިލަވައިގަތެވެ.
“އަތްނުލާތި… އޭނާ ގާތު ބުނޭ އޭތި އެއްލާލާށޭ” ދިއްކޮށްލި އަތް އަވަހަށް ތިރިކޮށްލުމާއެކު ޒާލިފުގެ ގާތުގައި ކަންތައް ކުރަންވީގޮތް ޒަލަފް ކިޔައިދިނެވެ. އެއާއެކު ޒާލިފަށް ހައިރާންކަމެއް ވެރިވެގެން ދިޔައެވެ. މިހާ ރަނގަޅަށް ކަންތައްކުރަންވީ ގޮތް ޒަލަފްއަށް އެނގުނުގޮތެއް އޭނާއަކަށް ނުވިސްނުނެވެ. ހީވަނީ މީހަކު އޭނާއަށް އިރުޝާދުދީގެން ކުރުވާ ކަމެއް ހެންނެވެ. އެހެންވެ ކުރެވެނީ ރަނގަޅުކަމެއްބާއޭ ޒާލިފުގެ ހިތަށް އަރަމުން ދިޔައެވެ. އަދި މިކަމުގެ ސަބަބުން ނުކުމެދާނެ ނަތީޖާއަކާ މެދު ވެސް ޒާލިފުގެ ޟާމީރު ކަންބޮޑުވުން ފާޅުކުރަންފެށިއެވެ.
“ދެން ކިހިނެއް ހަދަންވީ” ފުޅި އެއްލާލުމަށްފަހު ޒަލަފްއަށް ބަލާލާފައި ޒާލިފު އެހިއެވެ.
“މިރެއަށް ދެން ނިމުނީ، އަނެއްކާ ވެސް މާދަމާ ރޭ… ތިން ރޭ މަތިން މިކަން ކުރަންޖެހޭ، ހަމަ މިގަޑީގައި” ޒަލަފް ބުނެލިއެވެ. ޒާލިފު ވަށައިގެން ހޯދާލީ އެ ހިސާބުގައި ދިރޭ އެއްވެސް މަހުލޫގެއްގެ އަސަރު ހުރި ތޯ ބެލުމަށެވެ. ނަމަވެސް އޭނާގެ ލޮލުގައި އެ ފަދަ ބާރެއް ނެތެވެ. ޒަލަފް ހަމަޖެހުމުގެ ނޭވާއެއްލުމާއެކު ޒާލިފުގެ ކޮނޑުގައި އަތުން ހިފަހައްޓާލިއެވެ.
“ހިނގާ އަވަހަށް ތިތަނުގައި ބޭސްއަޅަން” ޒާލިފު ބުނެލިއެވެ.
“އަހަރެން ގެނެސްދިން ބޭސް މާ މޮޅުވާނެ، ފޮޅުނުލާ އަތުގެ ހަންގަނޑު ރީތިކޮށް އޮންނާނީ… ތި ބޭސްތައް ނަގާފައި އިތުރު ބޭހެއް ނާޅާތި” ބެހެމަތް މިހެން ބުނުމާއެކު ބޭއިޚްތިޔާރުގައި ޒަލަފްއަށް ބަލާލެވުނީ ދޮންކެޔޮ ފަތް ބޭއްވިފައި އޮތް ހިސާބެވެ. އަދި ބޭސްއެޅުމުގެ ޚިޔާލު ދޫކޮށްލީ ބެހެމަތް ކަންބޮޑުވެފައި ހުރި ވަރާއި އޭނާ ޒަލަފްއަށް ގެނެސްދިން ބޭހުގެ އަސަރު ފެންނަންފެށިލެއް އަވަސްކަމުންނެވެ. މިހެންވެ ބެހެމަތްގެ ވާހަކައިގައި އޮޅުވާލުމެއް ނެތްކަން ޒަލަފްއަށް ޤަބޫލުކުރެވުނެވެ.
ކުޑަދޮރުން ޒާލިފު އެތެރެވުމާއެކު ހަރުގަނޑު ދުރަށްޖައްސާ އެ ކުރިން އޮތްތަނުގައި ގެންގޮސް ބާއްވާފައި އައިސް ކުޑަދޮރާ ދިމާއަށް ބަލަހައްޓައިގެން ޒަލަފް ހުއްޓެވެ. ހަށިފުރާ ނޭވާއެއްލުމާއެކު ލޯ ހިމަކޮށްލީ އަމާޒުކޮށްލުމުގެ ގޮތުންނެވެ. އަދި ހަލާކުވެފައި އޮތް މެޔާއި ބޮޑަށް ކައިރިކޮށްލުމާއެކު ކަކުލުހުޅު ލަންބާލާ ހަށިގަނޑު ތިރިކޮށްލާފައި މައްޗަށް އެއްލި ލޮންސިއެއްހެން ޒަލަފް ފުންމައިގެން ދިމާ ސީދަލަށް އެރިއެވެ. އަދި އެއްލި އަތުން ކުޑަދޮރުގެ ދާރައިގައި ހިފިއެވެ. ކޮޓަރީގައި ހުރެފައި ޒަލަފްއަށް އެހީވާން ޒާލިފު އަންނަންވާއިރަށް ފަރިތަކަމާއެކު ޒަލަފް ކޮޓަރިއަށް ވަދެއްޖެއެވެ.
އިރުއަރަންދެން ކަހަލަ ގޮތަކަށް ދެބެން ޒަލަފްގެ ކޮޓަރީގައި ހޭލާ މަޝްވަރާ ކުރުމުގައި ތިއްބެވެ. އެމީހުން ކުރި ކަންތަކުން ނުކުމެދާނެ ނަތީޖާއަކާ މެދު ޒާލިފު ކަންބޮޑުވާތީއެވެ. ޒަލަފް ބޭނުންވަނީ އޭނާއަށް ކުރިއަށް އޮތް ދުވަސްތައް އުފާވެރި ފާގަތި ދުވަސްތަކަކަށް ވެގެން ދާނޭކަން ޒާލިފަށް ހަނދާންކޮށްދޭށެވެ. އުމުރުގައި ބާކީ އޮތް ދުވަސްތައް ހިތްހަމަޖެހިގެން ހޭދަކުރަން އޭނާ ބޭނުންވާތީއެވެ. އަދި ޒާލިފުގެ އެހީތެރިކަމަށް ޒަލަފް ޝުކުރުއަދާކުރިއެވެ.
ދެރޭގެ މަތީން ބެހެމަތް ކިޔައިދިން ގޮތަށް ތިންތަނެއްގައި ވަޅުލާފައި ހުރި އެއްޗެއް ޒާލިފު ލައްވާ ޒަލަފް ނެގުވިއެވެ. އަދި ތިންވަރަށް ރެއަށް ހުރިހާ ކަމެއް ތައްޔާރު ކުރިއެވެ. ހިތަށް ލިބިމުން ދިޔަ އުފާވެރިކަމުގެ ސަބަބުން ޒަލަފްގެ ކެތްތެރިކަން ވެސް ކޮޅުންލާފައި ވާކަހަލައެވެ. ރޭ ވާނެ އިރަކަށް ޒަލަފްއަށް ހަމަބެލެނީ އުޑުމައްޗަށެވެ. އިރު ފެންނަން ހުރުމުންނެވެ. އެ އިރު އޮއްސެން ޒަލަފް ބޭނުންވަނީއެވެ. މި އިން އެއްވެސް ކަމެއްގެ ހިލަމެއް އަބްދުއްރަޢޫފަށް ނުވެއެވެ. އެކަމަކު އާދައިގެން މަތިން އޭނާ ކަންކަން ހުރި ނެތްގޮތް ބަލައެވެ. އެގޮތުން ބެލި ފާލަކުން ހުރަސްތަކެއް އަންނަން ހުރިކަން ދެއްކިއެވެ. އެހެންވެ އިތުރަށް ޔަޤީން ކުރުމަށްޓަކައި އޭނާ ޚިޔާރުކުރީ އެހެންޏާ ވެސް ކަންކަން ޔަޤީންކުރުމަށް އޭނާ ބޭނުންކޮށް އުޅޭ އުކުޅެވެ. އެންމެނާ އެކަހެރިވެލާ ވަލުތެރެއިން ދިމާއަކަށް އަބްދުއްރަޢޫފު އައިސް މަޑުކޮށްލިއެވެ. އޭނާގެ އަތުގައި އޮތް ފޮތް ހުޅުވާލުމާއެކު އޭގެ ތެރެއިން ކަރުދާސްކޮޅެއް ނަގައި ކުރިމަތީގައި ބޮޅެއް އަޅައި އެ ކަރުދާސްކޮޅުގައިވާ އެއްޗެއް އޭނާ ކިޔާލިއެވެ.
ދެ ފަހަރަށް ކަރުދާސްކޮޅުގައިވާ އެއްޗެއް ކިޔާލަންވާއިރަށް އާދަޔާ ޚިލާފު ހިމޭންކަމެއް ފަޒާއަށް ވެރިވެގެން ދިޔައެވެ. ގަހެއްގެ ފަތެއްހާ ހިސާބު ވެސް ހެލި ނުލައެވެ. ވައިރޯޅި މަޑުވެ ކުދިކުދި އަޑުތައް ކަނޑައިގެން ދިޔައެވެ. އަބްދުއްރަޢޫފު އެއާއެކު ވާހަކަދައްކަން ފެށީ އޭނާގެ ކުރިމަތީގައި މީހަކު ހުރި ފަދައިންނެވެ. ނަމަވެސް އެ މީހަކު ނުއެއް ފެނެއެވެ. އޭނާ މުޅިން ވެސް ކުރީ ސުވާލުތަކެކެވެ. ނުރައިސްތަށި ގިނަވެފައި ހުރި ތުނބުޅީގައި އަތްހާކާލުމާއެކު އަބްދުއްރަޢޫފު ބޯޖަހާލިއެވެ. ދެން ފެނުނީ އެ ތަނުގައި ހުރި ނުފެންނަށް މަޙުލޫގަށް އެ ތަނުން ދިއުމަށް އަމުރުކުރި ތަނެވެ. އެއަށްފަހު އަތުގައި އޮތް ކަރުދާސްކޮޅު އިހު އޮތް ގޮތަށް ފޮތުގެ ތެރެއަށް ލުމަށްފަހު ތުންތަޅުވާލަފައި ބިމުގައި އެޅި ބޮޅުން ބައެއްގައި ޝަހާދަތް އިނގިލި ޖައްސާ ރޮނގުބުރި ފުހެލިތަނެވެ. ފަރާތްފަރާތް ހޯދާލާފައި އެނބުރި ގެއަށް އައުމަށް އަބްދުއްރަޢޫފު ހިނގައިގަތެވެ.
* * * *
ޑިއުޓީ ނިންމާފައި އައިސް ގެއަށް ވަން ޔަލާއަށް އިރުއިރުކޮޅާހެން ގަޑިއަށް ބަލާލެވެއެވެ. އަލަމާރި ހުޅުވައިގެން އެތައް ހެދުމެއް އޭނާ ނަގައި ލޯގަނޑު ކުރިމަތީ ހުރެ ގައިގާ ޖައްސައިފިއެވެ. އެހެންނަމަވެސް ކަމުދާ ހެދުމަކާ ދިމާވި ކަމަކަށް ނުވިއެވެ. ނިތަށް ޖަމާވި ރޫތަކާއެކު ދެ ބުމަ ކައިރިވެގެން ދިޔައީ ލިބިފައިވާ މާޔޫސްކަމުގައެވެ. މަޑުމަޑުން އައިސް އެނދުގައި އިށީނދެ ފޯނު ނަގައި ލުހާއަށް ގުޅާލިއެވެ.
“ކޮންއިރަކުން އަންނަނީ” ލުހާ ފޯނުކޯލަށް ޖަވާބު ދިނުމާއެކު ޔަލާ އަހާލިއެވެ. އެކްސިޑެންޓުގައި ލިބުނު ޒަހަމްތައް ރަނގަޅުވަންދެން ގޭގައި ހުރުމަށްފަހު ލުހާ އޮފީހަށް ނުކުން މީ ފުރަތަމަ ދުވަހެވެ. އެހެންނަމަވެސް ޔަލާ އޭނާއަށް ގުޅީ މިވަގުތު ޔަލާއަށް ހަމައެކަނި ޚިޔާލެއް ދީ އެހީތެރިކަން ފޯރުކޮށްދެވޭނެ މީހަކީ ލުހާއަށް ވީމައެވެ.
“ފަހެއް ޖެހީމައެއްނު ނިމޭނީ… ދެން ނެތެއްނު ގިނައިރެއް… އަންނާތި އަހަރެން ބަލާ، އޭރުން އަވަހަށް ދެވޭނީ، މިއަދު ދަޔާން ކުޑަކަމެއްގައި ބިޒީވެގެން އުޅެނީ” ލުހާ ބުނެލިއެވެ.
ފޯނުކޯލު ނިންމާލުމާއެކު ޔަލާ އަވަހަށް ތައްޔާރުވެލީ ލުހާ ބަލާ ދިއުމަށެވެ. ސިޓިންރޫމަށް އައިތަނާހެން ސޯފާގައިން ޞާބިރާ ސުވާލުކުރަން ފެށިއެވެ.
“ތަނަކަށް ދާންތަ ތިއުޅެނީ؟ ސައި ވެސް ނުބޮއެތަ ދަނީ؟ މަންމަ ހީކުރީ ކޮޓަރިއަށް ވަންގޮތަށް ނުނިކުތީމަ ނިދުނީއޭ…”
“މިދަނީ ލުހާ ބަލާ، އޭނާއާއެކު ސައިބޯނީ… މަންމަ ސައިބޮއެފިންތަ؟” ޞާބިރާ އިށީނދެ އިން ސޯފާގެ ކައިރީ މަޑުކޮށްލައިގެން ހުރި ޔަލާ ބުންޏެވެ.
“މަންމަ ހުރީ ޔަލާ އަންނަންދެން، އެކަމަކު ދެން ސައިބޯނީ ތި ދެ ކުދިންނާއެކު” ޞާބިރާ ހިނިތުންވެލިއެވެ.
އަތުކުރީ އޮތް ގަޑިއަށް ބަލާލާފައި ޔަލާ ނުކުތީ ލުހާ ބަލާ އެއަރޕޯޓަށް ދިއުމަށެވެ. އެހެންނަމަވެސް ދޮރޯށިން ނުކުންތަނާ ހެން ސިތާރާއާ ދިމާވެއްޖެއެވެ. އޭނާއާ ވާހަކަދައްކަން މަޑުކުރަން ޖެހުނެވެ.
“މިއަދު އޮފެއް ނުލިބުނުތަ؟” ސިތާރާ އެހިއެވެ.
“ޑިއުޓީ އަދާކުރާތީ ވާގޮތް މީ، ހުކުރު ދުވަހަކީ ވެސް ހަފްތާގެ އެހެން ދުވަސްތައް ކަހަލަ ދުވަހެއް… ރޮސްޓަރގައި އޮތީ މާދަމާ އޮފް ދީފައި، ދެން ދަނީ އިނގޭ… މިދަނީ ލުހާ ބަލާދާންވެގެން” ޔަލާ ސްކޫޓަރަށް އަރަން ދިޔައެވެ.
“ރައްޔާ އަންނަ ވާހަކަ ބުނި” ދޮރޯށީގައި ހިފާލަމުން އަނެއްކާ ވެސް ޔަލާއަށް ބަލާލާފައި ސިތާރާ ބުނެލިއެވެ.
“ދޮންތަ ބުނި އަންނާނަމޭ، އެކަމަކު އަދި ނާދޭ… ހީވަނީ މިހާރު އަންނަން އުޅޭނެހެން” ޔަލާ ސްކޫޓަރު އިސްޓާޓުކޮށްލިއެވެ. ސިތާރާ އެތެރެއަށް ވަންނަން އުޅެފައި ދޮރޯށި ދޮށުގައި މަޑުކޮށްލަމުން އޭނާގެ އަތުގައި އޮތް ފޯނުން ރައްޔާއަށް ގުޅަން އުޅުނެވެ. ޔަލާ އިތުރަށް މަޑުނުކޮށް ސައިކަލު ދުއްވާލީއެވެ.
ލުހާ ގޮވައިގެން ޔަލާ ގެއަށް އައި މަގުމަތީގައި ވެސް ދެކެވުނީ އޭނާ މިރޭ ލާނެ ހެދުމެއްނެތް ވާހަކައެވެ. އެކަމާ އޭނާއާ ލުހާ ދިމާކުރިއެވެ. ނަމަވެސް ޔަލާއަށް މިރެއަކީ ކިހާ ޚާއްޞަ ރެއެއްކަން ލުހާއަށް ވެސް އެނގެއެވެ. ދައްތައަށް އޭނާގެ ފަރާތުން ވެވެން އޮތް އެހީތެރިކަމެއްވިއްޔާ ވެދެން ލުހާ ވެސް ބޭނުމެވެ.
ދެބެން ގެއަށް އައިސް ވަންއިރު އެމީހުންގެ ދޮށްޓަށް ހުންނަ ރައްޔާ އޭނާގެ ދަރިފުޅު ގޮވައިގެން އައިސް އުޅެއެވެ. ސިތާރާ ވެސް އިނީ އެގޭގައެވެ. ކުޑަކުޑަ އަމަން އުނގަށް ލައިގެން ޞާބިރާ އިނެވެ. ޔަލާއާއި ލުހާ ގެއަށް ވަނުމުން އަޑުގަދަ ވެގެން ދިޔައެވެ. މާޙައުލަށް އިތުރު ދިރުމެއް އައި ކަހަލައެވެ. ހުކުރު ދުވަހު ކޮންމެހެނެއް ވެސް މަންމަގެ ގާތަށް ރައްޔާ އާދެއެވެ. އެދުވަސްވެފައިވަނީ ޢާއިލާއާއެކު އެންމެ ހޭދަކުރަން ބޭނުންވާ ދުވަހަށެވެ. ނަވާޒު އައިސް ވަނުމުން ޞާބިރާ ހުރިހާ ކުދިންނަށް ސައިބޯން އައުމަށް އެދުނެވެ. އެންމެން އެކުގައި ސައިމޭޒު ދޮށުގައި މަޖާ ވާހަކަތައް ދައްކަމުން ދިޔައިރު ޔަލާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ މުޅިން އެހެން ޚިޔާލެކެވެ. އޭނާއާއި ޒަލަފް މިރޭ ފުރަތަމަ ފަހަރަށް ބައްދަލުވާނެތީއެވެ. ދެ މީހުން ބައްދަލުވުމުން ދެން ކަންތައްވާނީ ކިހިނެއްބާއޭ ޔަލާގެ ހިތަށް އަރަމުން ދިޔައެވެ. ޒަލަފް އޭނާގެ ގާތުގައި ބުނާނީ ކޮންވާހަކައެއްބާއެވެ. ހިތާއި ސިކުނޑިއަށް ޒަލަފްއާ ގުޅިގެން ކުރެވޭ އެއްވެސް ސުވާލަކަށް ޖަވާބު ދިނުން ކުޅަދާނައެއްނުވިއެވެ.
ހުރިހާ ކުދިން ނަމާދުކުރަން ފޮނުވާލުމުން އެންމެން ވެސް އައިސް ތިބީ ޔަލާގެ ކޮޓަރީގައެވެ. އިޝާ ނަމާދުން ފޭބިގޮތަށް ޔަލާ އަނެއްކާ ވެސް އޭނާ މިރޭ ލާނޭ ހެދުމެއް ހޯދަން ފެށިއެވެ. ރަނގަޅު ހެދުމެއް އޭނާއަށް ނުފެނިގެން އުޅެނީ ޒަލަފަށް ކަމުދާނީ ކޮންކަހަލަ ހެދުމެއްކަން ނޭނގޭތީއެވެ. ދެ ޒުވާނުން އެކަކު އަނެކަކާ ދިމާވީ އެންމެ ދެ ފަހަރުއެވެ. ފޯނުން ވާހަކަ ދެކެވުނު ނަމަވެސް އެކަކު އަނެކަކަށް ކަމުދާ ކަންކަމާ މެދު މާގިނަ ވާހަކައެއް ދެކެވިފައެއްނެތެވެ. ގިނަވާނީ މެސެޖުން ދައްކާ ވާހަކައެވެ.
“ހާދަހާ ހެދުމެކޭ އަލަމާރިން ނަގާފައި ތި ހުރީ، ކޮންތާކަށް ދާންތަ ތިހާ ވަރުން ހެދުމެއް ތި ހޯދަނީ” ޔަލާގެ ހަރަކާތްތައް ރައްޔާގެ ސަމާލުކަން ހޯދިއެވެ.
“ޑޭޓަކަށް…” ކުއްލިއަކަށް ލުހާ ބުނެލިއެވެ.
“ހުވާތަ؟ ކާކާ އެއްކޮށް؟ އަނެއްކާ…. ޑރ.ރީހާންތަ؟” ސިތާރާ އިނދެފައި ބުނެލިއެވެ.
“އެހާ އަވަހަށް ހޮސްޕިޓަލުން މީހަކު ސެޓުކޮށްލީތަ؟” ރައްޔާ ވެސް ކުރީ ސުވާލެކެވެ.
ހަޤީޤަތް ހާމަކުރަން ބޭނުންނުވެފައި ހުރި ޔަލާ އައިސް ލުހާގެ ގައިގާ އަޅާ އެނދުމައްޗަށް ކޮއްޕާލިއެވެ. އަދި ލުހާގެ ވާހަކަ ދޮގު ކުރަމުން އޭނާގެ ކޮނޑުގައި ތަޅައިގަތެވެ. އެ ދެމީހުން އުޅޭ ގޮތް ބަލަން ތިބި ސިތާރާއާއި ރައްޔާ ހޭންފެށިއެވެ. ޔަލާ އާދޭހުގެ ގޮތަކަށް ލުހާއަށް ބަލާލާފައި ލޮލުން އިޝާރާތްކޮށްލީ އެ ވާހަކަ ނުދެއްކުމަށެވެ. ރައްޔާއާއި ސިތާރާއަށް ހީވި ހީވުން ގޯސްކަމުގައި ޔަލާ ބުނެދިނެވެ. އޭނާ މިރޭ އެ އުޅެނީ ހޮސްޕިޓަލުގެ ވެރިންނާއެކު އޮތް ބައްދަލުވުމަކަށް ދާންކަމުގައި ބުނެލިއެވެ. ލާނޭ ހެދުމެއް ހޯދަނީ ބައްދަލުވުން ރެސްޓޯރެންޓެއްގައި އޮތީމައި ކަމަށް ރައްޔާއާއި ސިތާރާއަށް ވިސްނައިދިނެވެ.
ލުހާ އޭނާގެ އަލަމާރިން ގެނެސް ދިން ހެދުމާ މެދު ޔަލާ އެހާ ހިތްހަމައެއް ނުޖެހުނެވެ. އެއީ އޭނާ ދުވަހަކު ވެސް އެޅި ކަހަލަ ހެދުމެއް ނޫންވީމައެވެ. އެކަމަކު އެންމެން ވެސް އެދެމުން ދިޔައީ އެ ހެދުން ޔަލާ ލުމަށެވެ. ފާޚާނާއަށް ވަދެ ހެދުން ބަދަލުކޮށްގެން ޔަލާ ނުކުތުމުން އެންމެން އެއްފަހަރާ “އާޗާ”އޭ ބުނެލިއެވެ. ނަމަވެސް އަމިއްލަ ނަފްސަށް އެ ހެދުން ގުޅޭނޭ ކަމާމެދަކު ޔަލާއަށް ޔަޤީންކަމެއް ނެތެވެ. މަޑުމަޑުން އައިސް ލޯގަނޑު ކުރިމަތީ އޭނާ ހުއްޓުނެވެ. ޔަލާގެ ފަހަތުން ލުހާ އައިސް ހުއްޓެމުން ޔަލާގެ ކޮނޑުގައި ދެ ފަރާތުން އަތް އަޅުވާލިއެވެ.
“ޕާކިސްތާނު ހެދުމާ ޔަލާއާ މާ ގުޅޭ… ޕްލީޒް ޔާލް، މިރޭ ތި ހެދުން ލައިގެން ދޭ”
ޔަލާއަށް ވެސް ލޯގަނޑުން ފެންނަން ހުރި އޭނާގެ ސޫރަ ލައިގެން ހުރި ހެދުމުގެ ސަބަބުން ރީތިވިއެވެ. އެންމެން ބުނިހެން އޭނާއާ އެ ހެދުމާ ވަރަށް ގުޅެއެވެ. ރިހިކުލައިގެ ފުޅާ އެ ހެދުމުގެ ފަސްބައިގައި ވިލުނޫކުލައިގެ ފުޅާ ރޭނދާގަނޑެއް އަޅާފައި ހުރިއިރު އެ އާއި ޖެހިގެން ކަނޑުނޫކުލައިގެ ރޭނދާގަނޑެއް އަޅާފައި ހުއްޓެވެ. ހެދުމުގެ ދެ އަތް ވަނީ ވިލުނޫކުލައިގެ ރޭނދާގަނޑާ ގުޅޭނޭހެން ތުނިތުނި ފޮއްޗަކުން ފަހާފައެވެ. އިތުރަށް ޒީނަތްތެރިކުރުމަށް އަތުގެ މަތިން ފެށިގެން ތިރިއަށް ވާގޮތަށް ރިހިކުލައިގެ ވެލިފޮއްޗާއި މިނަލުން ރީތި ޑިޒައިނެއް އަޅާފައިވެއެވެ. ލައިގެން ހުރި ފަޔަށް ހިފާފައިވާ ހިމަ ހަރުވާޅު ހެދުމުގެ ދިގުކަމުން ފެންނަނީ ކިރިޔާއެވެ. އެވެސް ފަސްބައި ގޮތަކަށް ހެލިލައިފިއްޔާއެވެ. ހުރިހާ ކަމަކަށްވުރެ ޔަލާ އެންމެ ބޮޑަށް ހިތްހަމަޖެހުނީ އެ ހެދުމަކީ ޞާބިރާގެ އަތުން ފަހާފައިވާ ހެދުމެއްކަން އެނގުމުންނެވެ.
“އައި އޯލްސޯ ތިންކް ދިސް އިޒް ޕާފެކްޓް” ޔަލާ އެނބުރި އެންމެނަށް ބަލާލަމުން އެނާގެ ހިނދި ބަނޑާ ދިމާލުން ހެދުން ރީތިކޮށްލީ ކަމުދިޔަ ކަމުގެ އިޝާރާތެއްގެ ގޮތުންނެވެ. ހަމަ އެވަގުތު ފުޅާ ހެދުމުގެ ދެ އަރިމަތީގައި ހިފާ އެނބުރިލިއެވެ.
* * * *
ހިނިތުންވެލައިގެން ލޯގަނޑަށް ބަލަހައްޓައިގެން ހުރި ޒަލަފްގެ ހިތް ޔަލާގެ ނަމުން ގޮވާލިއެވެ. އޭރު ލޯގަނޑުގެ ތެރެއިން ޔަލާގެ ސޫރަ ކުރަހާފައިވާ ކުރެހުން ފެންނަން ހުއްޓެވެ.
ތިން ރޭގެ މަތީން ޒާލިފު ލައްވާ ފެންސުގެ ގޭޓާ އެންމެ ކައިރީގައި ވަޅުލާފައި ހުރި އެއްޗެހި ނަގައި މި ރެއަކީ އޭނާ އެ ފެންސުން ބޭރަށް ނުކުންނާނެ ރެއެވެ. އެކަން ޒާލިފު ފިޔަވައި ޢާއިލާގެ އެހެން މީހަކަށް ނޭނގެއެވެ. ޒަލަފް ނުކުމެގެން ދިއުމުން ވާނެ ގޮތަކާއި މެދު ޒާލިފު ވެސް ހުރީ ކަންބޮޑުވެފައެވެ. އަބްދުއްރަޢޫފާއި އަރީޝާ ނުރުހޭނެވަރު އޭނާއަށް އެނގެއެވެ. ނަމަވެސް ޒަލަފްގެ އުފާތަކަށް ހުރަސްއަޅާ މީހަކު ކަމުގައި ވާން އޭނާ ނޭދެއެވެ.
ދިހައެއް ޖެހުމާއެކު ޒަލަފް އޭނާގެ ކޮޓަރީގެ ކުޑަދޮރުން ފުންމާލަން ތައްޔާރުވިއެވެ. އޭރު ޒާލިފު ވެސް ހުރީ އެ ކޮޓަރީގައެވެ. ފަހު ފަހަރަށް ޒާލިފުގެ ގާތުގައި ޒަލަފް ހުރި ގޮތް ރަނގަޅުތޯ އޭނާ އަހާލިއެވެ.
“މިރޭ ޒަލަފް އެދޭ ކަންތައް އިރާދަކުރެއްވިއްޔާ ފުރިހަމަވާނެ، ފުރަތަމަ ފަހަރަށް އަންހެންކުއްޖަކާ ބައްދަލުކުރަން ދާއިރު އޭނާއަށް ހަދިޔާއެއް ގެންގޮސްދޭންވާނެއެއްނު… އަން، މި ހަދިޔާ ޔަލާއަށް ވަރަށް ކަމުދާނެ… އަދި ބުނަން… އެނބުރި އަންނަންވާނީ ރަނގަޅު ޚަބަރެއް ހިފައިގެން އިނގޭ” ޒަލަފްގެ ދެ ކޮނޑުގައި އަތުން ޖަހާލަމުން ޒާލިފު ބުނެލިއެވެ. ހިތުގައިވާ ރިހުން ހިނިތުންވުމަކުން ފޮރުވާލައިގެން އޭނާ ހުރިއިރު އަމިއްލަ ސިކުނޑީގައި އެނބުރެމުން ދިޔައީ ޔަލާގެ ޚިޔާލުތަކެވެ. އެ އަންހެންކުއްޖާއާ އޭނާ ވެސް ބައްދަލުކުރަން ބޭނުންވަނީއެވެ. އެ ހިތް ވެސް އެދެނީ ޒަލަފްގެ ހިތް ވެސް އެދޭ ކަންތަކަށެވެ. ބޭނުންވަނީ އެއްކަމެއް ހާޞިލުކުރާށެވެ.
“އަހަރެން ވެސް ޔަލާއަށް ހަދިޔާއެއް ތައްޔާރުކުރިން” ހިނިތުންވެލައިގެން ހުރެ ޒަލަފް ބުނެލިއެވެ. އަދި ކުޑަދޮރުގެ ކައިރީ ހުރި ގޮނޑީގައި ކަރުދާސްއޮޅާ ބަންދުކޮށްފައިވާ ކުރެހުން ޒަލަފް ނަގާ ދައްކާލިއެވެ. އޭރު އޭނާގެ އަތުގައި ޒާލިފު ދިން ފިނިފެންމާ އޮތެވެ.
ކުޑަދޮރުން ޒަލަފް ނުކުތުމާއެކު ޒާލިފުގެ މޫނުމަތި މިލައިގެން ދިޔައެވެ. އޭނާ އަވަސްއަވަހަށް ކުޑަދޮރަށް ފުރަގަސްދިނެވެ. އިރުކޮޅަކު ހުރެލާފައި އެ ކޮޓަރިން އޭނާ ނުކުމެގެން ދިޔައެވެ.
“ހާދަ އަވަސް އަރުވާލާފައި” ގޭޓާ ހަމައަށް އާދެވުނު ތަނާހެން ޒަލަފްއަށް އިވުނީ ބެހެމަތްގެ އަޑެވެ.
“ކަލޭ އައިސް ދޯ ތި ހުރީ… ވަރަށް ރަނގަޅު… އަވަހަށް ހިނގާ އަހަރެން ބުނި ހިސާބަށް ގެންގޮސްދޭން” ބެހެމަތްއާ ވާހަކަދެއްކި ރާގުން ވެސް ޒަލަފް ހުރީ ވަރަށް ރަނގަޅު މޫޑެއްގައިކަން އެނގޭހާ ވެއެވެ.
“މިރޭ މީ ޒަލަފްގެ މުޅި ހަޔާތް ބަދަލުވެގެންދާނޭ ރެޔެއް” ހިނިތުންވެލައިގެން ހުރި ބެހެމަތް ބުނެލިއެވެ. އޭނާ ވެސް މިރޭ ހުރީ އެހެންޏާ ފެންނައިރު ހުންނަ ވަރަށްވުރެ ބޮޑަށް ނަލަ ހެދިލައިގެންނެވެ. ޒުވާން ފިރިހެނުންގެ ހިތްތައް ކިލަނބުކޮށްލާފަދަ ރީތިކަމެއް ބެހެމަތްއަށް ލިބިފައިވެއެވެ. ނަމަވެސް އޭނާގެ އެ ރީތިކަން ޒަލަފްގެ ލޮލަށް ނުފެންނަ ކަހަލައެވެ. މަޑުމަޑުން ގޭޓު ހުޅުވާލާފައި ޒަލަފް ފެންސުން ބޭރަށް ނުކުންނަން ފައިނެގިއެވެ. ކޮންމެވެސް ވަރެއްގެ އުނދަގޫވުންތަކެއް ހުރި ނަމަވެސް އޭނާއަށް އެކަމުން މާބޮޑު އަސަރެއް ނުކުރިއެވެ. ފެންސުން ބޭރަށް ނުކުމެވުމާއެކު އިހުނަށްވުރެ ޒަލަފްގެ ހިނިތުންވުން ފުޅާވެގެން ދިޔައެވެ. ސިއްރުސިއްރުން ގޭޓު ލައްޕާލާފައި ކުރިއަށް ހިނގައިގަތީ ބެހެމަތްގެ ފަހަތުންނެވެ.
(ނުނިމޭ)