( ހީވޭ ކަލާ ވާހެން، މި ވާހަކައަކީ 8 މެއި 2016 އިން 29 ޑިސެމްބަރ 2017 އަށް ޖުމްލަ 89 އެޕިސޮޑްގެ ގޮތުގައި ވީނިއުސްގައި ޝާއިރު ކުރެވުނު ވާހަކައެއް. )
ބަލިމީހުން ބެލުމަށް ހަމަޖެހިފައި އޮތް ވަގުތު ހަމަވުމާއެކު ޔަލާ އައީ ސިތާރާ ހޯދަން ނަރުސްކުދިންގެ ކައުންޓަރު ދޮށަށެވެ. އޭރު ދެތިން ނަރުހުން އެއްވެގެން އޮލަވާހަކައެއްގައި ތިބިއިރު އެތަނުގައި ސިތާރާ ވެސް އިންދާ ޔަލާއަށް ފެނުނެވެ. ކައުންޓަރުގައި ދެ އަތް އަޅުވާލި ޔަލާ ހުއްޓިގެން ހުރިތަން ސިތާރާއަށް ފެނުމާއެކު އަވަހަށް ތެދުވެގެން އައިސްފިއެވެ.
“ޔާލް ނައިސްގެން މި އިންނަނީ” ސިތާރާ ބުނެލިއެވެ.
“ހިނގާ ދަމާ” ޔަލާ މިހެން ބުނުމާއެކު އެތެރެއަށް ވަދެގެން ދިޔަ ސިތާރާ އެނބުރި އައީ އޭނަގެ އަތްދަބަސް ހިފައިގެންނެވެ.
ޔަލާއާއި ސިތާރާއާ ދެ މީހުން އެކުގައި އައިސް ވަނީ ހޮސްޕިޓަލުގެ ކެފިޓީރިއާއަށެވެ. މެންދުރުގެ ކެއުމުގެ ވަގުތު ފަހަނައަޅައި ގޮސްފައިވާތީ ކެޕެޓޭރިއާގެ ގިނަ މޭޒުތައް ހުރީ ހުސްކޮށެވެ. ކައުންޓަރާ ކައިރީގައި ހުރި މޭޒުގެ ދޮށުގައި ތިބި މީހުން ޔަލާއާއި ސިތާރާގެ ލޮލުގައި އެހާ ފަސޭހައިން އަޅައިގަތީ އެހެންވެއެވެ. އެމީހުން ފެނުމާއެކު ޔަލާ އަވަސްއަވަހަށް އައިސް ކެފެޓީރިއާގެ ކަނެއްގައި ހުރި މޭޒެއްގެ ދޮށުގައި އިށީނދެއްޖެއެވެ. ހައިރާންވެފައި ހުރި ސިތާރާ ވެސް އައިސް މޭޒުގެ ދޮށުގައި އިށީނެވެ.
“އެއްޗެއް ނުނަގާ އައިސް ތި އިށީނީ ކިހިނެއްވީ؟ އެމީހުން ތިބީމަތަ؟” މަޑުމަޑުން ސިތާރާ އަހާލިއެވެ.
“އަހަރެން ކުރިން ވެސް ބުނީމެއްނު ގެއަށް ގޮހޭ ކާނީ. ސިތާރައްތަ ކާން ބޭނުންވާ އެއްޗެއް ނަގާ. އަހަރެން ހަމައެކަނި އޮރެންޖު ޖޫސްތަށްޓެއް ބޯލާނީ” ޔަލާ ބުނެލިއެވެ.
ކެފެޓީރިއާގެ ވެއިޓަރެއް އައިސް ޔަލާއާއި ސިތާރާގެ އޯޑަރު ނަގައިގެން ދިޔައެވެ. މީހުން މަދުވުމާއެކު ގިނައިރެއްނުވެ އެމީހުން އޯޑަރު ދިން އެއްޗެހި އަތުވެއްޖެއެވެ.
“ރީހާންއާއި ޔާލްއާ ކަމެއްތަ؟” ސިތާރާ މިފަހަރު ވެސް ވާހަކަދެއްކީ މަޑުންނެވެ. އެހެންނަމަވެސް ޔަލާއަށް ވީގޮތެއް އޭނާގެ މޫނުމަތިން ފާޅުވެގެން ދިޔައެވެ.
“ކީއްވެ ސިތާރައްތަ ތިހެން ތިބުނީ؟”
“ނުބުނާވަރެއްތަ؟ އެމީހުން އެތަނުގައި ތިބީމަ ޔަލާ ތިއިނީ އެމީހުންނަށް ފުރަގަސްދީގެން. އަނެއްކާ ބާބިކިޔުއަށް ރީހާންއާއެކު ޔަލާ އައި ވާހަކައާ، ތި ދެމީހުން ސިއްރުން ބައްދަލުކުރާ ވާހަކައާ… މިއީ މިހާރު ހޮސްޕިޓަލި ތެރޭ އެންމެ ހޫނުކޮށް ދެކެވޭ ވާހަކަ… އެއީ ދޮގެކޭ ހީކުރަން ބޭނުން. އެކަމަކު… އެނގޭތަ… މިތާ އަހަރުމެން އިށީންފަހުން ރީހާންއަށް ވެސް ހީވަނީ ފާޑެއްގެ ގޮތެއް ވެފައި އިންނަހެން. އަދި މާ ނޫންކަމަށް ހެދިގެން އިނދެ ސިއްރުން މި ދިމާ އެބަ ބަލައޭ… ހަމަގައިމު ވެސް މަޔަށަކަށް ނޫން އޭނާ އެ ބަލަނީ” ސިތާރާ މިހެން ބުނެ ލާނެތް ގޮތަކަށް ހީނލިއެވެ.
“އަހަންނަކަށް ނޭނގެ އޭނާ އެހެންއުޅެންވީ ސަބަބެއް. ޓްރަސްޓް މީ… އަހަރުމެން ދެ މީހުންގެ ދެމެދުގައި މީހުން ހީކުރާ ކަހަލަ އެއްވެސް ކަމެއްނެތް… އަހަރެން އިންޓްރެސްޓެއް ނުވޭ ރީހާންއަކަށް. އަހަންނަށް ވެސް މިހާރު އުނދަގޫވޭ ރީހާން އުޅޭ ގޮތުން. ރައްޓެއްސެއްގެ ގޮތުގައި ތަނުގެ ވެރިއަކަށް ހުންނަ މީހާ ޚިޔާރުކުރާނީ ކިހިނެއް. އޭރުން ކުރަންޖެހޭ ރެސްޕެކްޓަށް އުނިކަމެއް އަތުވެދާނެތީ ވެސް އަހަރެން ކަންބޮޑުވޭ” ޔަލާ ވާހަކަދެއްކީ ސިތާރާގެ ވާހަކަތަކާއިމެދު ވިސްނަމުން ކަހަލައެވެ.
“ޔަލާއާ ހެދި ރީހާން އުޅޭނަމަ އެއީ އުފާކުރަންވީ ކަމެއްނު. ޢާއިލާއެއްގައި ހުރި ހަމައެކަނި ދަރިފުޅު. އެހާ ރީތި. ޒިންމާދާރު ވަޒީފާއެއްގައި އުޅެނީ. އެހެން ޒުވާނުންހެން އަންހެންކުދިންނާ ދޯޅުވެގެން އުޅެނިކޮށް ދުވަހަކު ވެސް ނުފެނޭ… ތެދަށް ބުނަންޏާ އުނި އެއްވެސް ސިފައެއް އަހަންނަކަށް ނުފެނޭ. ޞާބިރައްތަ ވެސް ރީހާންއާ ވަރަށް ރުހޭނެހެން ހީވޭ” ސިތާރާއަށް ޔަލާއާއި ރީހާންގެ ޖޯޑު ވަރަށް ގުޅެއެވެ. އެހެންވެ އޭނާ ބާރު އަޅަން ބޭނުންވީ ރީހާންގެ ފަރާތުން ފުރުޞަތެއް ލިބިއްޖެނަމަ އެކަން ޔަލާ ޤަބޫލުކުރުމަށެވެ.
“އަހަރެންގެ ހިތް އެހެން މީހަކަށް ގޮވާކަން ސިތާރައްތައަށް އެނގޭނަމަ ތިހެނެއް ނުބުނާނެ” ސިތާރާއަށް ބަލަން އިނދެ ޔަލާ ލުއި ގޮތަކަށް ހިނިތުންވެލިއިރު އޭނާގެ ހިތުގެ އަޑު ސިތާރާއާ ހަމައަކަށް ނުފޯރިއެވެ. އިރުކޮޅަކު ޔޫސްތަށީގައި އިން ހޮޅިއާ ކުޅެން އިނދެފައި ޔަލާ ފޯނު ނެގިއެވެ. މާބޮޑަށް ޒަލަފްގެ މަތިން ޔަލާ ހަނދާންވީއެވެ. އެހެންވެ މެސެޖެއް ލިޔެފައި ފޮނުވާލިއެވެ. ނަމަވެސް ޖަވާބު އައީ ޔަލާ ކެފެޓީރިއާއިން ނުކުންނަން އުޅެނިކޮށެވެ.
ޑިއުޓީ ނިންމާފައި ހޮސްޕިޓަލުން ނުކުމެގެން ޔަލާއާއިއެކު ސިތާރާ ވެސް އައީ ގެއަށެވެ. އަމިއްލަ ކޮޓަރިއަށް ޔަލާ އައިސް ވަނުމާއެކު ޒަލަފްއަށް ގުޅިއެވެ. އޮފީހުން އައި ގޮތަށް އެތައް އިރެއްވާންދެން އޭނާ ފޯނުގައި އިނެވެ. އެއްފަހަރު އިށީނދެގެން އިނިއްޔާ އަނެއްފަހަރު އެނދުގައި އޮށޯވެއެވެ. އުއްޑުން އޮވެފައި ބަންޑުން ޖެހޭނެއެވެ. ނޫނީ ބަންޑުން އޮވެފައި އުއްޑުން ޖެހޭނެއެވެ. ފޯނުން ޒަލަފްއާ ވާހަކަދައްކަމުން ދިޔައިރު ޔަލާއަށް އުޅެވޭނޫޅެވޭ ގޮތެއް ވެސް ނޭނގެއެވެ. އެހެން އުޅެނިކޮށް ފަސްގަނޑި ބައިގައި ޑިއުޓީ ނިންމާފައި އައި ލުހާ ވެސް ގެއަށް ވަދެއްޖެއެވެ. އޭނާ ތާޒާވެލައިގެން އަވަހަށް އައިސް ޔަލާގެ ކޮޓަރިއަށް ވަނެވެ. އެހިނދު އެނދުގައި ދެފައި ތަޅުވާލަތަޅުވާލާ ބަންޑުން އޮތް ޔަލާ ފުންމައިގެން ތެދުވިއެވެ. އަދި ނިކަން އަވަހަށް ފަހުން ގުޅާނަން ކަމުގައި ބުނެ ފޯނުކޯލު ކަނޑާލިއެވެ.
“ކާކާ މާ ވެފައި އޮވެ ތި ވާހަކަދައްކަނީ… އަނެއްކާ ޒާލްތަ؟” ދިމާކޮށްލާފަދަ ގޮތަކަށް ލުހާ މިހެން ބުނެ އައިސް އެނދުމައްޗަށް ވެއްޓިގަތެވެ. އަދި ޔަލާގެ އަތުގައި ހިފާ ދަމައިގަންނަމުން އެނދުމައްޗަށް އޭނާ ވައްޓާލިއެވެ. އެއައެކު ޔަލާގެ އަތުގައި އޮތް ފޯނު ދަމައިގަތެވެ.
“އޭތް! ގެނޭ މަގޭ ފޯނު… ދެން ލުހާ…” ލުހާގެ އަތުން ފޯނު އަތުލަން ޔަލާ އުޅުނެވެ.
“އޯހް! ޒާލް… މައި ގޯޑު…. ގަޑިއެއްގެ އިރަށްވުރެ ގިނައިރު… ދެ ފަހަރު….” އެނދުމައްޗަށް ކޮޅަށް ތެދުވެ ހުރެ ޔަލާގެ ފޯނަށް ބަލަން ހުރި ލުހާ ބުނެލިއެވެ.
“ގެނޭ ފޯނު… ކީއްވެތެ މީހުންގެ ޕްރައިވެސީއަށް އަރައިގަންނަނީ” ޔަލާ ތުންހަދާލިއެވެ. ހެމުންހެމުން އެނދުގައި އިށީނދެ ޔަލާގެ ފޯނު ލުހާ ދިއްކޮށްލިއެވެ. ހަމަ ދިއްކޮށްލުމާއެކު ޔަލާ ފޯނު ޖަހައިގަތެވެ.
ދެބެން އެކަކު އަނެކަކާ ދިމާކުރަމުން ދިޔައެވެ. އެހެން ތިބެފައި ކުއްލިއަކަށް ލުހާ އެ ކޮޓަރިއަށް ސަބަބު ހަނދާންވެގެން ޔަލާގެ ގާތުގައި ބުނެލިއެވެ. ރޭގަނޑު ދަޔާންއާއި ރާވީމެންނާއެކު ކޮފީއަކަށް ދިއުމަށް އެ މީހުން ދައުވަތު ދީފައި އޮތްކަން ލުހާ ބުނެލިއެވެ. އަބަދު ޒަލަފްގެ މަތިން ހަނދާންކުރުމަށްވުރެ ގެއިން ބޭރަށް ނުކުމެލުން ރަނގަޅުވާނޭކަމުގައި ޔަލާގެ ޟަމީރު ވިސްނައިދިނެވެ. އެހެންވެ ލުހާއާއިއެކު ދާން އެއްބަސްވިއެވެ. އަދި ދެބެން އެކުގައި ސައިބޮއެގެން ނުކުމެ ގޯތީތެރޭގައި ހުރި ޖޯލިފަތީގައި ޖައްސާލައިގެން ތިއްބެވެ.
“އައު ރައްޓެއްސަކު މިއަދު ލިބިއްޖެ. އަލްސާ ކިޔަނީ. އަހަންނާއެކު އަލަށް ޖޮބު ލިބުނު ކުއްޖެއް. އެކަމަކު ދެ މީހުން މިއުޅެނީ ރަށުގެ ދެ ކޮޅުގައި” ލުހާ އޭނާގެ ޑިއުޓީ ދިޔަ ގޮތް ކިޔައިދެން އިނދެފައި ބުނެލިއެވެ.
“ދަޔާން ގާތު އެއްވެސް އެއްޗެއް އަދިވެސް ނުބުނަންތަ. އޭނާ މިހާރު ވަރަށް ވާހަކަދައްކާތަން ފެނޭ…” ޔަލާ އަހާލިއެވެ.
“މިހާރު އަހަރުމެން ދެމީހުން ވަރަށް ކުލޯސް… އެކަމަކު އަދިވެސް އެކަހަލަ ވާހަކައެއް ބުނާކަށް ނުކެރޭ. މިރޭ ވެސް ދަޔާން ގުޅާފައި ބުނީ އޭނާއާއެކު ކޮފީއަކަށް ދާންވީ ނޫންހޭ. އަހަރެން އެކަނިހޭ އަހާލީމާ އިރުކޮޅަކު ވިސްނާލާފައި ބުނީ ޔާލްއާއި ރާވީ ވެސް ގޮވައިގެންނޯ ދާނީ… ބައެއްފަހަރު ހީވޭ ދަޔާން އަހަރެން ދެކެ ލައިކްވާހެން ވެސް… އެކަމަކު ނުބުނަންޏާ ނޭނގޭނެއެއްނު. އަނެއްކާ ނުބުނަނީސް އަހަރެން ބޭނުމެއްނޫން އެހެން ހީކޮށްލައިގެން ހުންނާކަށް” ފޮނި ޚިޔާލަކަށް ގެއްލިފައި އޮންނަހެން އުޑުމައްޗަށް ބަލަން އޮވެ ލުހާ ވާހަކަދެއްކިއެވެ. އޭނާއަށް ބަލަން އިން ޔަލާގެ ތުންފަތުގައި ވެސް ހިނިތުންވުމެއް ދުވެލިއެވެ.
“ހިނގާބަލަ ކުޑަކޮށް ދުއްވާލަން، ތާޒާވައިކޮޅެއް ހޯދާލަން…” ކުއްލިއަކަށް ޔަލާ ބޭރަށް ނުކުންނަން ބޭނުންވިއެވެ. އޭނާ ފާޅުކުރި ޚިޔާލު ލުހާއަށް ވެސް ކަމުދިޔައެވެ.
އިރުއޮއްސި އަނދިރިކަން ފެތުރެމުން ދިޔައިރު ރަށުގެ މަގުތަކުގައި ޔަލާއާއިއެކު ސްކޫޓަރުގައި ލުހާ ވެސް އިނެވެ. އަނގައިން ނުބުނެ ތިބެ ދެބެން ދުއްވަމުން ދިޔައިރު ކޮންމެ މީހަކު ވެސް އިނީ އަމިއްލަ ޚިޔާލަކަށް ގެއްލިފައެވެ. ވެރިވަމުން އައި އަނދިރިކަމުގެ ކުޑަ ވެސް ހިލަމެއް ނުވެއެވެ. ގެއާ މާދުރަށް ދެވުނު ކަން ވެސް ޔަލާއަށް އިހުސާސް ނުވެއެވެ. އެހެން ދުއްވަމުން ދަނިކޮށް މަގެއްގެ ކަންމަތިން ނުކުން ޒުވާނާ ޔަލާއަށް ފެނި ކުއްލިއަކަށް ސްކޫޓަރުގެ ބުރަކި ހިފާލެވުނެވެ. އެއާއެކު އޭނާގެ ގައިގާ ފަހަތުގައި އިން ލުހާ އައިސް ޖެހުމާއެކު މަޑިން ޔަލާ ކައްސާލާ ގޮތްވިއެވެ.
“ކިހިނެއް ތިހެދީ؟” ހާސްވެފައި އިނދެ ލުހާ އަހާލިއެވެ.
އަފްރާޙުއާ ވަކިވެގެން ގެއަށް ދިއުމަށް ހިނގައިގަތް ޒާލިފުގެ ލޮލުގައި އަޅައިގަތީ ދެ އަންހެންކުދިން އަރާ ތިބި ސައިކަލެއް ކުއްލިއަކަށް ބުރެކި ޖެއްސުމުންނެވެ. އެއާއެކު އޭނާގެ ނަފްސުގެ ވެސް ސިހިގެން ދިޔައެވެ. ޔާލާއާ މަގުމަތިން ބައްދަލު ވުމަކީ އޭނާ އެދޭ ގޮތެއްނޫނެވެ. ހުއްޓުން އެރި ނަމަވެސް އަމިއްލަ ސިކުނޑީގެ މައްޗަށް ޒާލިފު ބާރުފޯރުވިއެވެ. ކުރިއަށް ހިނގައިގަންނަން އުޅެފައި ޒާލިފު އަނެއްކާ ވެސް ހުއްޓުނެވެ. މަގުގެ އަނެއްފަރާތުން ފެންނަން އޮތް ގަސްތަކަށް ނަޒަރު ހުއްޓާލުމާއެކު އޭނާގެ މޫނުމަތިން ފާޅުވެގެން ދިޔައީ ނުތަނަސްވަސްކަމެވެ. ވަގުތުން އައިކޮޅަށް އެނބުރިލިއެވެ.
“ލޫ… ބަލާބަލަ… އެހެރަ ސާފުބޯޑު ހިފައިގެން ދާ ބޯއީ ފެނޭތަ؟” ޒާލިފު އައިކޮށްޅަށް އެނބުރި ހިނގައިގަތް ތަން ފެނިފައި ޔަލާ ނިކަން އަވަހަށް ފަހަތުގައި އިން ލުހާގެ ގާތުގައި އަހާލިއެވެ.
“ކޮބާ…. އޯ! ކަންމަތިން ލަނބާލި ބޯއީތަ؟” ލުހާ ހޯދަނިކޮށް ސާފުބޯޑު ހިފައިގެން ހުރި މީހަކު ފެނިގެން އަހާލިއެވެ.
“އާން! އެއީ… އެއީ ޒާލް… އެންމެފަހުން ފެނުނުއިރު ހުރީ ބޯ ވެސް ވަރަށް ދިގުކޮށްލާފައި. މިހާރު ބޯކޮށީ ކަންނޭނގެ” ޔަލާ ޚިޔާލީ ގޮތަކަށް ބުނެލިއެވެ.
“އެ ބޯޑުގެ ތެރެއިން ތި ހުރިހާ ކަމެއް ޔާލްއަށް ފެނުނީ ކިހިނެއް. ހަމަގައިމުވެސް އަހަންނަށް އެ ބޯޑު ނޫން އެއްޗެއް ނުފެނޭ. ހީވަނީ އޭނާގެ މޫނު ފެނިދާނެތީވެ އުޅޭހެން. ހިނގާބަލަ އެ މަގަށް ވަންނަން” ޔަލާއަށް ޚާއްޞަވެގެން އުޅޭ ޒާލްއަކީ ކާކުކަން ފެނުނު ފަހަރު އޭނާގެ މޫނު ދުށުމަށް ލުހާ ނުހަނު ބޭނުންވިއެވެ.
ސްކޫޓަރުގައި ހަމަޖެހިލުމާއެކު ޔަލާ ދުއްވާލިއެވެ. ޔަލާއާއި ލުހާއާ ދެ މީހުން ހައިރާންވީ އެ މީހުންނަށް އެ މަގަށް އެޅެންވާއިރަށް ޒާލިފު ގޮސް އަފްރާޙުމެންގެއަށް ވަނީމައެވެ.
“ހުދަންބަރުގެ… މީތަ ޒާލް އުޅޭ ގެއަކީ” އަފްރާޙުމެންގޭ ކުރިމަތީ ޔަލާ ސްކޫޓަރު މަޑުކޮށްލުމުން ލުހާ އެގޭގެ ނަން ކިޔާލަފައި ސުވާލުކޮށްލިއެވެ.
“ނޫން. މީ އަހަރެން ގެއަށް ގެންނަން ވެގެން ޒާލް ސައިކަލު ހޯދަން އައި ގެ… އޭނާގެ ރައްޓެއްސެއްގެ ގެއަށް މިގެ ވާނީ. އަހަރެން ބުނީމެއްނު ޒާލް އުޅެނީ ވަލުތެރޭގައި ހުރި ގެއެއްގައޭ” ޔަލާ ހަނދާންކޮށްދިނެވެ.
“ތީ އަޖައިބެއް ކަހަލަ ފިރިހެނެންނު، ޔާލް، ދެން ކިހިނެއް ހަދާނީ. އޭނާ ނުކުންނަން ދެން މަޑުކުރާނީތަ”
“އޭރުން ހީވާނީ އޭނާއަށް ފާރަލަނީހެން. އަނެއްކޮޅުން މާ ލަސްވެއްޖެއްޔާ ކޮންތާކުތޯ ބަލަން މަންމަ ގުޅަން ފަށާނެ ކޮންތާކުތޯ ބަލަން” ޔަލާ މިހެން ސްކޫޓަރު ދުއްވާލީއެވެ.
ދެބެން އެކުގައި ގެއަށް އައިސް ވަންއިރު ދެ މީހުން ވެސް ތިބީ ޒާލްއާ މެދު ހައިރާންވެފައެވެ. ޔަލާއާ ފޯނުން ވާހަކަދައްކާއިރު ނުހަނު ގާތްކަމެއް އިހުސާސް ކުރެވޭއިރު ރަށުތެރެއިން ފެނުމުން އޭނާ ނުފެންނަ ކަމަކަށް ޒާލް ހެދީމަ އެކަމުން ޔަލާގެ ހިތަށް އުނދަގޫތަކެއް ވިއެވެ.
“ވެދާނެ އަހަރެން ހުރީމަ ކަމަކަށް ޒާލް އެ ދިޔައީ” ޔަލާގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުތައް ދެނެގަނަން މަސައްކަތް ކުރަމުން ލުހާ ބުނެލިއެވެ.
“ވެދާނެ. އެކަމަކު ޒާލްއަށް އެނގޭނެ ލޫ ތީ އަހަރެންގެ ކޮއްކޮކަން. އަދި މައި ބެސްޓީކަން… އައި ޝެއަރ އެވްރިތިންގ ވިތް ޔޫ… ޒާލް ނުބުނޭ އޭނާގެ ވާހަކަ މީހުން ކައިރީ ނުދައްކާށޭ ވެސް. އެހެން ބުނިނަމައެއްނު އަހަރެން ސިއްރުކުރާނީ” ޔަލާ ދެރަވެފައި އިން ކަހަލައެވެ.
“އެންމެ ރަނގަޅުވާނީ ޒާލްއަށް ގުޅާފައި އެހީމަ” ޔަލާ މާޔޫސްވާކަށް ލުހާ ނޭދެއެވެ. އެހެންވެ ހީވާ ހީވުމުގެ މައްޗަށް ޚިޔާލު ހިންގުމުގެ ބަދަލުގައި ޔަޤީންކުރުމަށް ލުހާ ބާރު އެޅިއެވެ. ނަމަވެސް ޔަލާ ނިންމީ ތަންކޮޅެއް ފަހުން ގުޅުމަށެވެ.
* * * *
ގެއަށް އައިސް ވަދެ ސާފު ބޯޑު ބެހެއްޓުމާއެކު ޒާލިފު ވަނީ ގޭގެ ބިއްދޮށުގައި ހަދާފައި ހުރި ގިފިއްޔަށެވެ. ލޮނު ހިކިފައި ހުރި ހެދުން ބާލާ ފާޚާނާގައި ހުރި ބާލިދީއަށް ލާފައި ވަޅުން ފެންދާންޏެއް ނަގާ ބޮލަށް އޮއްސާލިއެވެ. ފިނިވެގެން ދިޔަ ނަމަވެސް ޒާލިފުގެ ސިކުނޑިއަކަށް ފިންޏެއް ނުވިއެވެ. ދާނީގައި ވައަތުން ހިފަހައްޓާލައިގެން ވަޅުގައި ބުޑުޖައްސާލައިގެން ޒާލިފު އިނެވެ. އޭރު އޭނާގެ ސިކުނޑީގައި ވަނީ ޔަލާގެ ސޫރައެވެ. އޭނާގެ މިނިވަންކަމަށް އެ އަންހެންކުއްޖާ ހުރަހަކަށް ވެއްޖެއެވެ. އަނެއްކޮޅުން ޔަލާގެ ޚިޔާލެއް ކުރާކަށް ޒާލިފު ނޭދެއެވެ. ޔަލާއަކީ ޒަލަފްއަށް ކިހާ މުހިންމު މީހެއްކަން ޒާލިފަށް އެނގޭތީއެވެ. ޒަލަފްގެ އިހުސާސްތައް މުލުން ލުހެލާ އޭނާގެ މައްޗަށް ކުރި ހޯދަން ޒާލިފު ބޭނުންނުވަނީއެވެ. އެހެންވިޔަސް ޒާލިފު ކަންބޮޑުވެފައިވެއެވެ. އަމިއްލަ ހިތުގެ ގޮވާލުމަށް ފުރަގަސްދެވޭނީ ކިހާ ދުވަހަކުކަން ނޭނގޭތީއެވެ. ޒަލަފްގެ ހިތުގައި ޖެހޭވަރު ކަމެއް ކުރެވިދާނޭތީއެވެ. އެދެމެދަށް އަންހެނަކު އަތްގަދަ ކޮށްފާނެތީއެވެ.
ކުއްލިއަކަށް ޒާލިފު ސިހުނީ ގިފިލި ބޭރުން ވާތަކެއް ހޭރިގަތް އަޑުއިވިގެންނެވެ. ވަށައިގެން ހޯދާލާފައި ވަޅަށް ދާނި ވައްޓާލިއެވެ. އަދި އަވަސްއަވަހަށް ފެންވަރާލައިގެން ގިފިލިން ނުކުންނަން ހިނގައިގަތެވެ. އެވަގުތު ބާލިދީއަށް އެޅި ހެދުންތައް މަތިން ޒާލިފު ހަނދާންވިއެވެ. ހެދުންތަކުގައި ފެންލާފައި ބާލިދީ ހިފައިގެން ގިފިލީގެ ދޮރާ ދިމާއަށް ޒާލިފު ހިނގައިގަތެވެ. ކުޑަކުޑަ ގިފިއްޔެއްކަމަކު ލާފައި ހުރި ފަސްވޯޑުގެ އަލިކަން ހަމައެކަނި ފެތުރިފައި އޮތީ ގިފިލީގެ ދޮރާ ދިމާގައެވެ. އެއްވެސް ކަހަލަ ގަހެއް ގިފިލީގައި އިންދާކަށް އަރީޝާ ޤަބޫލެއްނޫނެވެ. އެހެންވެ އަނދިރިކަން ވެރިވެފައި އޮތަސް ހިތަށް ބިރުވެރިކަން ވައްދާ ހިޔަނިތަކެއް އެތާކުން ނުފެނެއެވެ.
“މިއަދު ހާދަ ލަސްވީ” ގޯތިތެރެއަށް ނުކުމެލަން އައި ޒަލަފަށް ޒާލިފު ފެނުމުން އަހާލިއެވެ. ލުއިހިނިތުންވުމަކާއެކު ބޯޖަހާލަމުން ޒާލިފު އަވަސްވެގަތީ އޭނާގެ ކޮޓަރިއަށް ދިއުމަށެވެ. ޒާލިފުގެ ހަރަކާތްތަކަށް ސަމާލުކަމެއް ނުދީ ޒަލަފް ޑެކުމައްޗަށް ނުކުތެވެ. ސޯޓުގެ ދެ ޖީބަށް އަތްކޮށްޕާލައިގެން ހުރެ ހަށިފުރާ ނޭވާއެއްލިއެވެ. ވަށައިގެން ނަޒަރު ހިންގާލިއިރު ބޮޑުބިޔަ ގަސްތަކާއެކު ވެރިވެފައިވާ އަނދިރިކަން ފިޔަވައި އެއްވެސް އެއްޗެއް ނުފެނެއެވެ. މަޑުމަޑުން ކުރިއަށް ފިޔަވަޅު އަޅާލަމުން އައިސް ޑެކުގެ ހަރުފަތްތަކުން ހަރުފަތަކަށް ފައިބާލުމާއެކު އިށީނެވެ.
ޒަލަފްގެ އަތްތިލައަށް އޭނާ ބަލާލުމާއެކު މަޢުނަވީ ހިނިތުންވުމަކުން ހިނިތުންވެލިއެވެ. އަދި އޭނާގެ ކޮނޑުން ދެފަރާތަށް ފައިބާފައި އޮތް އިސްތަށިގަނޑުގައި އަތްލިއެވެ. ރަނގަޅަށް ނުބަލަހައްޓާތީ އެ އިސްތަށިގަނޑުގައި ކުޑަހަރުކަމެއް ހުއްޓެވެ. ފުރަތަމަ ފަހަރަށް ޒަލަފް އޭނާގެ މޫނުމަތިން އިސްތަށިގަނޑު އެއްފަރާތްކޮށްލިއެވެ. އަދި މަތީގައި ފެތުރިފައި އޮތް ޖަވާހިރުގެ ކަޅު ސާލަށް އުންމީދުން ފުރިގެންވީ ފަދަ ގޮތަކަށް ޒަލަފް ބަލާލިއެވެ. ހިތަށް ފިނިކަން ލިބިގެންދާ ފަދަ މަންޒަރެކެވެ. ދެއަތުން އިސްތަށިގަނޑުން ފަހަތަށްވާގޮތަށް އަތްފުނާއަޅާލުމާއެކު ލަކުޑިޑެކު މަތީ ވައަތް ބޯދަށަށް ލައްވާލައިގެން ޒަލަފް ބުރަކަށި ދަމާލިއެވެ. މަޑުމަޑުން ދެ ލޯ މެރިގެން ދިޔައިރު ޒަލަފްގެ ޚިޔާލީ އާލަމަށް އޭނާގެ ވިސްނުން ދަތުރުފަށައިފިއެވެ. ޔަލާއާއެކު ގަސްތަކުގެ ތެރޭގައި ހިނގާލަން އޭނާ ބޭނުންވެއެވެ. ދެ މީހުން އެކަންޏެއެވެ. އިރުއަރަންދެން ޔަލާއާއެކު ވާހަކަދައްކަން އިންނަން ޒަލަފް ބޭނުމެވެ. ޚިޔާލުގެ ވާފަށް ކެނޑިގެން ދިޔައީ ޒަލަފްގެ މޭމަތީގައި އެއްޗެއް ޖެހުމުންނެވެ. ނިކަން ހުޝިޔާރުކަމާއެކު ޒަލަފް އޭނާގެ ބަނޑާ ދިމާލުގައި ބާއްވާލައިގެން އޮތް ކަނާތުން މޭމަތީގައި އަތްއެޅިއެވެ. ހަމައެހިނދު އޭނާގެ ނޭފަތުގައި މަޑުމަޑު މީރުވަހެއް ހަރުލައިގެން ދިޔައެވެ. ލޯ ހުޅުވާލުމާއެކު ތެދުވެ ކުރިން ވެސް އިންހެން ޑެކުމަތީ އިށީނެވެ. އަދި މޭމަތީ އައިސް ޖެހުނު އެތި މުށުތެރެއަށް ލުމާއެކު އެއީ ކޮންއެއްޗެއްތޯ ޒަލަފް ބަލާލިއެވެ. އޭނާގެ ވައަތުގެ މުށުތެރޭގައި އޮތީ ބޮކަރުމަލެކެވެ. ތާޒާކަން އެކުލެވިފައިވުމުގެ އިތުރުން މަޑުމަޑު މީރުވަހެއް ދުވައެވެ. ވަރަށް ފަރުވާތެރިކަމާއެކު އެ މަލަށް ބަލާލާފައި ޒަލަފް ވަށައިގެން ހޯދާލިއެވެ. އެއާއެކު ލުއިހީނލުމެއްގެ އަޑު ޒަލަފްގެ ކަންފަތުގައި ޖެހުނެވެ. ވަގުތުން އޭނާގެ ސަމާލުކަން ހުއްޓިގެން ދިޔައީ ގޯތިތެރޭގައި އޮތް މަސްފެންގަނޑާ ދިމާ ފެންސުން ބޭރަށެވެ. އެހާ ދުރުން އަޑު އައި ނަމަވެސް ސާފުކޮށް ޒަލަފްއަށް އެ އަޑު އިވުނެވެ. ވަގުތުން ދެ ބުމަ ކައިރިކޮށްލަމުން ޒަލަފް ތެދުވެގެން އެ ދިމާއަށް ހިނގައިގަތެވެ.
“މީ ކަލޭ ކުރިކަމެއްތަ؟” ޒަލަފް އަތުގައި އޮތް މައު ފެންސުގެ ބޭރުގައި ހުރި އަންހެންކުއްޖާއަށް ދައްކާލަމުން އަހާލިއެވެ.
“ތީ ހަދިޔާއެއް” ހިނިތުންވެލައިގެން ހުރެ އެ އަންހެންކުއްޖާ ބުނެލިއެވެ.
“އަހަންނަށް ހަދިޔާ ދޭން ކަލޭ ތީ ކާކު” ޒަލަފްގެ އަޑުގައި ހުރީ ހަރުކަށިކަމެވެ.
“އަހަންނަކީ ކާކުކަން އެނގެން ބޭނުންތަ”
“އަން! މިހިފައިގެން ދޭ. ކަލޭގެ އަތުން އަހަރެން އެއްވެސް އެއްޗެއް ބޭނުމެއްނޫން. ތިގޮތަށް އައިސް އަހަންނަށް ޖެއްސުން ކުރުން ހުއްޓާލާ” ޒަލަފް އޭނާގެ އަތުގައި އޮތް ބޮކަރުމާ ފެންސުން ބޭރަށް އެއްލާލިއެވެ. އަދި އެނބުރި ހިނގައިގަތެވެ.
“ބެހެމަތް…” އަންހެންކުއްޖާ ބުނެލިއެވެ. އެއާއެކު ޒަލަފް ހުއްޓިފައި އެނބުރި ބަލާލިއެވެ.
“އަހަންނަށް ކިޔަނީ ބެހެމަތް، ޒަލަފް އެއްފަހަރު ވެސް މި ފެންސުން ބޭރަށް ނުކުމެބަލަ. އޭރުން ހުރިހާ ކަމެއް ސާފުވާނެ. އަހަންނަކީ ކާކުކަން ވެސް އެނގޭނެ. އަހަރެން ޒަލަފްއަށް އިންތިޒާރު ކުރަތާ ކިހާ ދުވަހެއްވެއްޖެކަން އެނގޭތަ. ޒަލަފް ހީކުރަނީ ތީ އެ މީހުން ކަހަލަ މީހެއްކަމައްތަ. އެ މީހުން އެ އުޅެނީ ޒަލަފް މިތާ ހައްޔަރުކޮށްގެން. އެކަން އަދިވެސް ނުވިސްނޭތަ. ތި ތަނުގައި ބަންދުވެފައި ހުރެގެން ހީވޭތަ ޒަލަފް ތި ބޭނުންވެގެން އުޅޭ ކަންތައް ވެދާނެހެން”
“އަހަރެން ބޭނުންވެގެން އުޅޭ ކަންތައް ކަލެއަށް ކިހިނެއް އެނގެނީ”
“އަހަންނަށް ހުރިހާ ކަމެއް ވެސް އެނގޭ. ޒަލަފް ހީކުރަނީ އެ އަންހެންކުއްޖާ އައީ އަމިއްލައަށް ކަމައްތަ. އެއީ މޮޔަ އަންހެންކުއްޖެއް. އަހަރެން އެހީ ނުވިނަމަ ޒަލަފްއާ އެ އަންހެންކުއްޖާ ދުވަހަކު ވެސް ބައްދަލެއްނުވީސް” ބެހެމަތް ބުނެލިއެވެ. އޭނާގެ ވާހަކައިގައި ގޮތްދޫނުކުރާ ކަހަލަ ގޮތެއް ހުއްޓެވެ. ބެހެމަތްގެ ވާހަކަ ނިމުމާއެކު ޒަލަފް ފާޑަކަށް ހީނލާފައި ވާހަކަދެއްކިއެވެ.
“ކަލެއަށް ޝުކުރުއަދާކުރާށޭތަ ތިބުނަނީ. އެހެންވިއްޔާ ޝުކުރިއްޔާ. ދެން މިތަނުން ދާންވީނު. ކީއްވެތަ އަހަންނަށް އުނދަގޫ ތިކުރަނީ”
“އަހަރެން ޒަލަފް އުނދަގުލެއް ނުކުރަން. މިހާތަނަށް ވެސް އޮންނާނީ އެހީތެރިކަން ފޯރުކޮށްދީފައި. ޒަލަފް ހީކުރާހާ ރަނގަޅުމީހެއްނޫން ޒަލަފްގެ މަންމަ ތި ކިޔާ އަންހެނަކީ”
“ބުނަން. މިހާރު ތި ދަނީ މާ މައްޗަށް. އަހަންނަށް ވެސް ކަންކަން އެނގޭ. އަހަރެންގެ ބައްޕައަކީ ކާކުކަން ކަލެއަށް އަދި ނޭނގިގެން ތިއުޅެނީ. އަހަރެންގެ ބައްޕަ ގާތު ކަލޭގެ ވާހަކަ ބުނުމުން ވާނޭގޮތް ކަލެއަށް ވިސްނާލަން ވެސް ނޭނގޭނެ. މިހާ ދުވަހު ނުބުނެ ހުރީ ކަލޭގެ ފަރާތުން އެއްވެސް އުނދަގުލެއް ނުވާތީ. ހަމައެކަނި ފެނިލާފައި ގެއްލޭތީ. އެކަމަކު މިހާރު އަހަރެން ބޭނުމެއްނޫން ކަލޭ ފެންނާކަށް ވެސް. މިތަނުން ދާންއުޅޭ”
“އަބްދުއްރަޢޫފަކީ ކާކުކަން އަހަންނަށް އެނގޭ. އަހަރެން އޭނާ ދެކެ ބިރެއްނުގަނޭ. އެކަމަކު ޒަލަފްގެ ބައްޕަދެކެ އަހަރެން އެކަންޏެއްނޫން. އަހަރެން ކަހަލަ އެތައް ބަޔަކު ވެސް ޖެހިލުންވެ ބިރުގަނޭ. ތިހެން ޒަލަފް ކިތަންމެ ދުވަހަކު ހުއްޓަސް އެ އަންހެންކުއްޖާއާ ހަމައަކަށް ނުދެވޭނެ. އަބްދުއްރަޢޫފު ކަލޭ ދިޔަކަ ނުވެސް ދޭނެ. ހީކުރަނީ އެއީ މާ ރަނގަޅުބައެއްކަމަށް ދޯ” ބެހެމަތްގެ އަޑުގައި ހިތްހަމަނުޖެހިފައި ހުރި ކަމުގެ އަސަރު އެކުލެވިފައި ހުރިއިރު އޭނާގެ މޫނުމަތިން ވެސް އެކަން ފާޅުވާންފެށިއެވެ. އަދި ޒަލަފްއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ލޯ މަތިން ބެހެމަތް ގެއްލިއްޖެއެވެ. އިރުކޮޅަކު އެ ދިމާއަށް ބަލަން ހުރެފައި ޒަލަފް އައިގޮތަށް އައިސް ގޭތެރެއަށް ވަނެވެ.
ކުޑަދޮރު ކައިރީ ހުރި ގޮނޑީގައި އިށީނދެގެން އިންއިރު ޒަލަފްގެ ނަޒަރު ހުރީ ކުރެހުމުގައިވާ ޔަލާގެ ތަސްވީރަށް ހުއްޓިފައެވެ. ބެހެމަތްގެ ވާހަކަތައް އޭރު އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. އެ އާދަޔާ ޚިލާފު އަންހެންކުއްޖާ އޭނާގެ ފަހަތުން އަޅައިގަނެގެން އުޅޭ ކަހަލައެވެ. އެކަމަކު އެއީ ކީއްވެކަމެއް އެއްގޮތަކަށް ވެސް ޒަލަފްގެ ވިސްނުމަކަށް ނައެވެ. އެހާ ދުވަހު އެ އަންހެންކުއްޖާ ޒަލަފްއަށް އިންތިޒާރުކުރަންވީ ސަބަބެއް ވެސް ނޭނގެއެވެ. އަނެއްކޮޅުން އަބްދުއްރަޢޫފުދެކެ ބިރުނުގަނެ ޒަލަފްގެ ބައްޕަދެކެ ބިރުގަންނަންވީ ކީއްވެ ހެއްޔެވެ. އަބްދުއްރަޢޫފަކީ ޒަލަފްގެ ބައްޕައެވެ. އޭނާ ކުޑައިރުން ފެށިގެން ބަލާ ބޮޑުކުރީ އަބްދުއްރަޢޫފެވެ.
“ޒާލް” ވިސްނުމުގެ ކަނޑުގައި ޖަވާބު ހޯދުމަށްޓަކައި ފީނަމުން ދިޔަ ޒަލަފްއަށް އަރީޝާގެ އަޑުއިވުނެވެ.
ރޭގަނޑުގެ ކެއުމުގެ ވަގުތު ޖެހުނުއިރު ވެސް ޒަލަފްއަށް ނޭނގުނެވެ. ކާމެޒުދޮށުގައި ދެބެން ތިބިއިރު އަރީޝާއާއި އަބްދުއްރަޢޫފަށް ވެސް އެ މީހުންގެ ހަމަހިމޭންކަން އަޅައިގަނެއްޖެއެވެ. އަބްދުއްރަޢޫފު އޭނަގެ ލޮލުން އަރީޝާއަށް އިޝާރާތެއް ކޮށްލުމާއެކު އޭނާ ތުންފަތަށް ގޮތެއް ހަދާލަމުން ދެފަރާތަށް ބޯހޫރާލިއެވެ.
“ކަމަކާ ދެބަސްވެފައިތަ ތި ތިބީ” އަބަދުއްރަޢޫފު އަހާލިއެވެ. އެހިނދު ޒާލިފާއި ޒަލަފް އެކަކު އަނެކަކަށް ބަލާލިއެވެ. އަދި އަބްދުއްރަޢޫފު ބުނި އެއްޗަކާމެދު ވިސްނާލިއެވެ.
“އެއްވެސް ކަމެއްނުވޭ. ވަރަށް ވަރުބަލިވެފައި މިއިނީ” ޒާލިފު ބުނެލިއެވެ. އޭނާގެ ހިތާއި ސިކުނޑީގައި އުފެދިފައިވާ ނުތަނަވަސްކަން ފޮރުވަމުން ވީހާ ވެސް އާދައިގެ ގޮތަކަށް ޢަމަލުތަކާއި ވާހަކަ ބަހައްޓަނ ޒާލިފު މަސައްކަތް ކުރިއެވެ. އޭރު ޒަލަފް ހަމައެކަނި ލުއި ހިނިތުންވުމަކުން ހުރިހާ ކަމެއް ފޮރުވާލައިގެން އިނެވެ. އާންމުކޮށް ވެސް އޭނާއަކީ ބަސްމަދު ޒުވާނެއްކަން މޭޒުދޮށުގައި ދެން ތިބި މީހުންނަށް އެނގޭތީ އެފަދަ އުންމީދެއް އެމީހުންގެ ނެތެވެ.
* * * *
“ލަސްނުވެ އަނައްޗޭ” ޔަލާއާއި ލުހާއާ ދެބެން އެކުގައި ގެއިން ނުކުންނަން ހިނގައިގަތް ވަގުތު ބަދިގޭގައި ހުރެފައި ޞާބިރާ ބުނެލިއެވެ. ނިކަން އަވަހަށް އާނއެކޭ ބުނެފައި ޔަލާއާއި ލުހާ ގެއިން ނުކުމެއްޖެއެވެ.
ދޮރޯށި ދޮށުގައި ދަޔާންގެ ސައިކަލުގައި އޭނާއާއި ރާވީ މަޑުކޮށްލައިގެން ތިއްބާ ޔަލާގެ ފަހަތުން ލުހާ ނުކުތެވެ. އެވަގުތުކޮޅުގެ ތެރޭގައި ވެސް ލުހާއާއި ދަޔާންގެ ދެމެދުގައި ސިއްރު ބަލާލުމެއް ބަދަލުކޮށްލެވިގެން ދިޔައެވެ.
“އޭތް! އޭތް! މި ގަޑީގައި ކޮންތާކަށް” ޖެހިގެން ހުރި ގޭ ދޮރޯށިން ބޯދިއްކޮށްލި ސިތާރާ ގޮވާލިއެވެ.
“ބުރެއްޖަހާލަން” ޔަލާ އަނގައިން ބުނަން އަނގަ ހުޅުވާލިތަނާހެން ދަޔާން އޭނާގެ ދައްތައަށް ޖަވާބު ދީފިއެވެ. ދޮގެއް ހެދުމުން ދަޔާންއަށް ޔަލާ ބަލާލީ ފާޑަކަށެވެ.
“ދަމާ…” ދަޔާން ބުނެލިއެވެ. އޭނާގެ ހަރަކާތްތައް ހުރި ގޮތުން އެތަނުން އަވަހަށް ދާން ބޭނުންވެފައި އިންކަން ދެންތިބި އެންމެނަށް ވެސް އެނގުނެވެ. ޔަލާ ސްކޫޓަރަށް އެރުމާއެކު އޭނާގެ ފަހަތަށް ލުހާ އެރިއެވެ. ދަޔާންމެންނާ އެއްވަރަށް ޔަލާ ސްކޫޓާރު ދުއްވަމުން ދިޔައެވެ. ގެއާ ދުރަށް ދެވުމާއެކު ދަޔާން ވާހަކަދައްކަން ފެށިއެވެ.
“ސިއްތައަށް އެނގިއްޖެއްޔާ އަހަރުމެންނާއެކު ގެންދަން ކިޔާނެ. އެހެންވެ ބުރެއްޖަހާލަންށޭ ބުނީ” ދަޔާން އަމިއްލައަށް އޭނާ ސިތާރާއަށް އޮޅުވާލީ ކީއްވެކަން ހާމަކުރިއެވެ.
ރާވީގެ ނަޒަރު އަބަދުމެ ހުއްޓިފައި ހުރީ ޔަލާއަށެވެ. އޭނާއަށް ވުރެ އުމުރުގެ ގޮތުން ޔަލާ ދޮށީކަން އެނގުނެއްކަމަކު ރާވީގެ ފަރުވާލެއްނެތެވެ. އޭނާއަށް ޔަލާ ކަމުގޮސްފިއެވެ. ދަޔާންއަކީ އެންމެ ގާތް ރަޙުމަތްތެރިޔާއަށް ވާއިރު އޭނާގެ ގާތުގައި މިހާރަކަށް އައިސް އަބަދު ރާވީ ދައްކަނީ ލުހާގެ ދައްތަގެ ވާހަކައެވެ. އޭނާއާ ގުޅޭނެ ނަންބަރެއް ލުހާގެ އެހީގައި ހޯދުމަށެވެ. ނުވިތާކަށް ލުހާގެ ފޭސްބުކް ބަލައިގެން ޔަލާއަށް ފްރެންޑް ރިކުއެސްޓު ވެސް ވަނީ ފޮނުވާފައެވެ. ރާވީގެ ރިކުއެސްޓު ޔަލާ ޤަބޫލުކުރި ނަމަވެސް ރާވީއާ ޔަލާ ދިމާވާގޮތެއް ނުވެއެވެ. މަދު ފަހަރަކު ނޫނީ ޔަލާ ފޭސްބުކްއަށް ވަދެފައެއް ނުހުރެއެވެ. އެހެންވެ ރާވީއަށް އޭނާއާ ވާހަކަދެއްކޭ ގޮތްވަނީ ނުވެފައެވެ. ހިތުގައި ޖަޒުބާތުތައް ފޮރުވައިގެން ހުއްޓާ ޔަލާ އެހެންމީހެއްގެ މިލްކަކަށް ވެދާނޭތީ ރާވީ ކަންބޮޑުވެފައިވެއެވެ. އޭނާގެ ހިތުގެ އިހުސާސްތައް އެންމެ ގާތް އެކުވެރިޔާއަށް އެނގުނެއްކަމަކު އޭނާގެ ފަރާތުން އެއްބާރުލުމެއް ނުލިބިގެން އުޅެނީ ރާވީއަށްވުރެ ޔަލާ އުމުރުން ދޮށިވީމައެވެ.
“ލުހާގެ ފޭވެރިޓް ކުލައަކީ ޕާޕަލްކަމަށް ދަޔާންބުނި. ތެދެއްތަ؟” ރާވީ ވާހަކައެއް ފެށޭތޯ އުޅުނެވެ.
“އޯ! މިހާރު ފޭވެރިޓް ކުލަ ވެސް އެނގުނީތަ؟” ޔަލާ ދިމާކޮށްލިއެވެ.
“ޔަލާގެ ފޭވަރިޓް ކުލައަކީ ކޮބާތަ؟” ފުރުޞަތުގެ ބޭނުން ހިފާ ރާވީ ސުވާލުކުރިއެވެ.
“ޔާލްއަށް އެންމެ ރީތިވާނީ ބްލެކް” ޔަލާގެ ދިމާކުރުމުން ސަލާމަތްވުމަށް ލުހާ ބުނެލިއެވެ.
“އެއީ ދޮގެއް” ޔަލާ ވަރަށް އަވަހަށް ބުނެލިއެވެ.
ހަތަރު ޒުވާނުން ސައިކަލުގައި އައިސް މަޑުކޮށްލީ ފިނިފެންމާ ރެސްޓޯރެންޓަށެވެ. އެންމެން ވެސް އެއްބަސްވީ އެތަނުގެ މަތީ ފަންގިފިލާގައި ހާމައަށް އޮތް ތަނުގައި ތިބުމަށެވެ. ފޯނުން ގަޑި ބަލަމުން ލަކުޑި ހިމަ ސިޑިން އަރައިގެން ޔަލާ އައީ ދެންތިބި މީހުންގެ ފަހަތުންނެވެ. މޭޒުތައް ދޮށުގައި މީހުން ގިނައިރު އެ މީހުންގެ ތެރެއިން ގިނައީ ގުރޫޕު ހަދާފައި ކޮފީ ބޯން ތިބި މީހުންނެވެ. ރަށަށް އައިފަހުން އެހާ މީހުން ގިނަ ތަނަކަށް ރޭގަނޑު ޔަލާ އައި ފުރަތަމަ ފަހަރަށް ވުމުން މާޙައުލާ ބީރައްޓެހިކަމެއް އޭނާގެ ހުއްޓެވެ. ރާވީއާއި ދަޔާން ޚިޔާރުކުރި މޭޒުގެ ދޮށުގައި އަވަސްއަވަހަށް ޔަލާ އިށީނެވެ. ކޮފީގެ ދެތިން ވައްތަރެއް ލިބެން ހުރި އެ ރެސްޓޯރެންޓުގެ މެނޫއަށް ބެލުމަށްނެތި ރާވީއާއި ދަޔާން އޯޑަރު ދިނެވެ. ޔަލާއާއި ލުހާ އެމީހުންގެ އޯޑަރު ދިނެވެ.
މޭޒު ދޮށުގައި ތިބެގެން ހަތަރު ޒުވާނުން އަމިއްލަ ވާހަކަތައް ދައްކަމުން ދިޔައެވެ. ލުހާއަށް ވަޒީފާ ލިބިއްޖެކަން ދަޔާންއާއި ރާވީއަށް އެނގޭތީ އެމީހުން އެދުނީ ފުރަތަމަ މުސާރަ ނަގައިގެން ކާންދޭން ވާނޭކަމަށެވެ. ޔަލާއަށް ވެސް ހަމަ އެ ޝަރުތުކުރިއެވެ. ރާވީގެ ސާމާސާ ވާހަކަތަކުން ހުނުން ގަދަވެފައިވެއެވެ. ގިނަ އިރެއް ނުވެ އައި ކޮފީޖޯޑުތަކުން އެތި ފޮދު ބޮމުން ދިޔަ ޔަލާގެ ލޮލުގައި އެއްފަރާތު މޭޒެއްގައި ދުރުގައި ބަލަން އިން ޒުވާނަކު އަޅައިގަތެވެ. އެއާއެކު އެ ދިމާއަށް ސަމާލުވެ ރަނގަޅަށް ބަލާލެވުނެވެ. ރީހާންގެ ތޫނުފިލި ދެ ލޯ ޔަލާއަށް ހުއްޓިފައި ހުރިތަން ފެނި އޭނާއަށް ތަފާތު ގޮތެއް ވެގެން ދިޔައެވެ. އެހާއަވަހަށް ޔަލާއަށް އިސްޖަހާލެވުނެވެ.
“އެއީ ކާކުތަ؟ ޔަލާ ދަންނަ މީހަކީތަ؟” ޔަލާ ކޮންމެ ހަރަކާތަކަށް ބަލަން އިން ރާވީ ސުވާލުކޮށްލިއެވެ. އެހިނދު ދަޔާންއާއި ލުހާ ވެސް ބަލާލިއެވެ.
“އަހަރެންގެ ބޮސް” ޔަލާ މަޑުމަޑުން ބުނެލިއެވެ.
“ރީހާން ދޯ” ފާޑަކަށް ހިނިއައިސްފައި އިނދެ ލުހާ ބުނެލިއެވެ.
“ސާބަސް. އޭނާއަށް އަޑުއިވިދާނެ…” ލުހާގެ އަތަށް ދަމާލަމުން ޔަލާ ބުނެލިއެވެ.
ރެސްޓޯރެންޓުގައި އިތުރަށް ހޭދަވެގެން ދިޔަ ހުރިހާ ވަގުތެއްގައި ޔަލާ އިނީ ޖެހި ބުދެއް ހެންނެވެ. ރީހާން އިން ފަރާތަށް ބަލާނުލާން ނަދުރުބުނެގެން އިން ކަހަލައެވެ. ކޮފީ ނިންމާފައި ޔަލާމެން ނުކުން އިރު ވެސް ރީހާން އޭނާގެ ރައްޓެހިންނާއެކު އެ މޭޒުގެ ދޮށުގައި އިނެވެ. ނަމަވެސް ނުފެންނަކަމަށް ހަދާފައި ޔަލާ ނުކުމެގެން އައީއެވެ. ރީހާންއަކީ އޭނާގެ ވެރިޔާކަމުގައި ބުނުމުގެ އިތުރުން އެއްވެސް އެއްޗެއް ޔަލާ އިތުރަކަށް ނުބުނެއެވެ. އެހެންނަމަވެސް ރާވީގެ ލޮލުގައި ރީހާން އަޅައިގަތެވެ. އޭނާއަށް ރީހާންގެ ބެލުން ކަމަކު ނުދިޔައެވެ. އެހެންވެ ސިޑިން ފައިބައިގެން ދަމުން ޔަލާއާ ކުޑަކޮށް ކައިރިވެލާ އޭނާގެ ކޮނޑުގައި އަތްޖައްސާލާ ހަދާލިއެވެ. ހީވީ ރީހާންއަށް ކަމެއް ސާބިތުކޮށްދޭން ރާވީ އުޅުނުހެންނެވެ. އެކަމުގެ ހިލަން ނުވެ ހުރި ޔަލާއަށް ރާވީގެ އެ ހަރާކާތް މާބޮޑު ކަމަކަށް ނުވިއެވެ.
“ކުޑަކޮށް ރަށުތެރޭ ދުއްވާލާފައި ދޯ ދާނީ” ލުހާ ޚިޔާލު ފާޅުކުރިއެވެ.
“އެކަމަކު އެގާރަ ޖެހުމުގެ ކުރިން ދާންވާނެ ގެއަށް” ޔަލާ ބުނެލިއެވެ.
ހަތަރު މީހުން އެކުގައި ފޭބީ އަތިރިމައްޗަށެވެ. އެންމެން އެކުގައި ދޮންވެލިގަނޑުމަތީ އިށީނދެ ވާހަކައިގައި ތިއްބެވެ. އިރުކޮޅަކު ފެނުނީ ލުހާ ތެދުވެގެން ރާޅުޖަހާ ފަށަށް ފޭބިތަނެވެ. އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް ދަޔާން ތެދުވެގެން ދިޔައެވެ. އެއާއެކު ރާވީއާއި ޔަލާ އެކަނިވިއެވެ. ދުރުންދުރުން ވިޔަސް ޔަލާއާ ބެހޭ ވާހަކަތައް ރާވީ އަހަންފެށިއެވެ. ދިރިއުޅުމުގެ އެކިކަންކަމާމެދު ޔަލާގެ ފިކުރު ހުރި ގޮތެއް ރާވީ ހޯދަން ބޭނުންވެއެވެ. ހިތުގެ އަޑު ދުލުން ބޭރުކުރުމުގެ ކުރިން ޔަލާގެ ވިސްނުން ހުރި ގޮތެއް ބެލުން ބުއްދިވެރިކަމުގައި ރާވީގެ ޟަމީރު ބުނާތީއެވެ. އެހެންނަމަވެސް ރާވީގެ ސުވާލުތަކުގެ މިސްރާބު ދާ ދިމާ ޔަލާއަކަށް ކަމަކު ނުދިޔައެވެ. ކުއްޖަކާ ރައްޓެހިވުމާއި އެމީހެއްގެ ގައިގާ ހުންނަން ޖެހޭނެ ސިފަތަކާއި މިކަހަލަ ކަންކަމަކީ ރާވީއާ ޚިއްޞާކުރަން ޔަލާ ބޭނުންވާ ކަންކަމެއްނޫނެވެ. ދެކެވެމުންދިޔަ ވާހަކައިގެ މައުޟޫޢު ދެތިން ފަހަރަށް ޔަލާ ބަދަލުކޮށްލަން މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން ކުރުން ފަސޭހަކަމަށްނުވިއެވެ. ވަކިކަމަކަށް ރާވީ މާބޮޑަށް ޝައުގުވެރިވެފައި ވުމުންނެވެ. ޔަލާއަށް އިހުސާސްވަމުން ދިޔަ ނުތަނަވަސްކަމުން އޭނާ ސަލާމަތްކޮށްދިނީ ރިންގުވާންފެށި ފޯނެވެ. އަވަހަށް އަތްދަބަހުން ފޯނު ނަގާ ބަލާލުމާއެކު ޔަލާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
“ހަނދާންވުމުން އެ ވާހަކަ ބުނުމަކީ މައްސަލައެއްތަ؟” ފޯނުގައިވާ މެސެޖު ހިތާހިތުން ޔަލާ ކިޔާލިއިރު އޭނާގެ ތުންފަތާއެކު ދެ ލޯ ވެސް ހިނިތުންވަމުން ދިޔައެވެ.
“މީ ވަރަށް މުހިންމު ފޯނުކޯލެއް” ޔަލާ ތެދުވަމުން ރާވީއަށް ބަލާލާފައި ބުނެލިއެވެ. އަދި ޖިންސުގެ ފުރަގަހުން ވެލި ފޮޅާލައިފައި ރާވީއާ ދުރަށް ހިނގައިގަތެވެ.
ފޯނު ކަންފަތުގައި ޖަހާލައިގެން ހުރެ ޔަލާ މަޑު ހިނގުމުގައި މޫދާ ކައިރިއަށް އައެވެ. ރާޅުޖަހާ އަޑާއި ފައިދަށުގައިވާ މަޑު ފަސްގަނޑާއި ފަޒާގައިވާ ތެތްފިނި ވައިރޯޅުތަކުން ޔަލާގެ ހިތުގެ އިހުސާސްތައް ފުންވަމުން ދިޔައެވެ. އެވަގުތު ފޯނުގައި ހުރީ މީގެ ކުރިން ފެނުނު ޔަލާއާ މުޅިން ތަފާތު މީހެއް ކަހަލައެވެ. ލޯބިވެތި ހީނލުންތަކުން އިސްޖަހާލާއިރު ހީވަނީ ކުރިމަތީގައި މީހަކު ހުރެގެން ޔަލާ ރަކިކޮށްލާ ހެންނެވެ. ދެތިން ދުވަހުގެ ތެރޭ ޒަލަފްގެ މައްޗަށް ޔަލާގެ ހިތުގައި އެހާ ވަރުގަދަ ފުން އިހުސާސެއް އުފެދިދާނެ ކަމަކަށް ޚުދު އޭނާ ވެސް ހިޔެއްނުކުރެއެވެ. އެހެންނަމަވެސް ޒަލަފްގެ ކޮންމެ ކަމެއްގައި އާދަޔާ ޚިލާފު ގޮތެއް ހުންނަކަން ޔަލާއަށް ފާހަގަވެއެވެ. ޔަލާއަށް ކަމުދިޔައީ އެ އާދަޔާ ޚިލާފުކަމެވެ.
“އަދި ހަނދާންނެތިފައޭ މިހިރީ. ކީއްވެތަ މިއަދު ފެނުނީމަ އަހަންނަށް ފިލީ” ކުއްލިއަކަށް ހަނދާންވުމާއެކު ޔަލާ އަހާލިއެވެ.
“ކޮންއިރަކު” ފޯނުން ވާހަކަދައްކަމުން ދިޔަ ޒަލަފްގެ އަޑުގައި ހުރީ ހައިރާންކަމެވެ.
“ޒާލް ހާދަ ގޯހޭ… އަހަންނަށް އިރުކޮޅަކު ބަލަން ހުރެފައެއްނު ސާފުބޯޑުން މޫނުނިވާކުރީ. އަހަންނަށް އެނގޭ ޒާލްއަށް އަހަރެން ފެނުނުކަން. ދެން ކީއްވެ އަހަންނަށް ފިލީ…. ލުހާ ހުރީމަތަ؟” ޔަލާ މިހެން ބުނުމުން ވަކި ޖަވާބެއް ޒަލަފް ނުދީ މަޑުކޮށްލިއެވެ. އެ ހަމަހިމޭންކަން އިތުރަށް ޔަލާ ހައިރާންކުރުވިއެވެ. ދެތިން ފަހަރު ޒަލަފްއަށް ގޮވާލުމުން އޭނާ ވާހަކަދައްކަން ފެށިއެވެ.
“ޔަލާއަށް ޔަޤީންތަ އެއީ އަހަރެންކަން” ޒަލަފް ސުވާލުކޮށްލިއެވެ.
“އާން! ޔަޤީން… އަހަންނަށް ޒާލް އޮޅިދާނެއޭ ހީވަނީތަ؟”
“އެހާ ރަނގަޅަށް ޔަލާއަށް އަހަރެން އެނގޭތަ” ލުއި ހީނލުމުގެ އަޑާއިއެކު ޒަލަފްގެ ފިރިހެންވަންތަ އަޑުގައި ޖާދޫއެއް އެކުލެވިފައިވާ ކަހަލައެވެ. ހިނިތުންވެލައިގެން ހުރި ޔަލާއަށް ތިރީތުންފަތުގައި މަޑުމަޑުން ދަތްއަޅާލެވުނެވެ. ހީވީ އެހާ ދުރުގައި ހުރެ ވެސް ޔަލާގެ ހިތުގެ ނާރުތަކާ ކުޅެލިހެންނެވެ.
“އެނގެން ބޭނުންވާ ވަރަކަށް އަދިއެއް ނޭނގޭ. މިހެން ފޯނުން ވާހަކަދެއްކިޔަސް ދެ މީހުން ދިމާވީމަ އެކަކު އަނެކަކުގެ ކަންކަން އެނގޭލެއް ބޮޑުވާނެ”
“ޔަލާ ބޭނުންތަ އަހަންނާ ބައްދަލުކުރަން” ޔަލާއަށް ދޭ ޖަވާބަށްވުރެ ޒަލަފްގެ ފަރާތުން ޔަލާއަށް ކުރިމަތިވި ސުވާލު ގިނައެވެ.
“ޒާލް… ޒާލް… ބޭނުމެއްނުވޭތަ އަހަންނާ ބައްދަލުކުރާކަށް” ޖެހިލުންވެ ފިނިވެފައި ހުރެ ޔަލާ ބުނެލިއެވެ. އެއާއެކު ދެން ވެސް އިވިގެން ދިޔައީ ޒަލަފްގެ ކުރު ހީނލުމުގެ އަޑެވެ.
“އަހަރެން ޔަލާއާ ބައްދަލުކުރާނަން…” ޒަލަފް ބުނެލިއެވެ.
“އިންތިޒާރުގައި މިހިރީ، މިއަދު ޒާލް ފެނުނުއިރު ބޯކޮށާފައި ހުރީ. ކޮންއިރަކު ބޯކޮށީ؟ މިހާރު ވަރަށް ރީތި… ޒާލްއާ ވަރަށް ގުޅޭ” ޔަލާ މިހެން ބުނުމާއެކު ޒަލަފް ކޮންމެވެސް އެއްޗެއް ބުނިކަން ޔަލާއަށް އެނގެއެވެ. އެހެންނަމަވެސް އޭނާ ބުނިއެއްޗެއް ސާފެއްނުވިއެވެ. ލުހާ އައިސް ޔަލާގެ ފުރަގަހުން ކޮނޑުގައި ހިފައި ތަޅުވާލުމުން ޔަލާއަށް ވެސް ކަންފަތާ ފޯނު ދުރުކޮށްލެވުނީއެވެ. ފަހަތަށް އެނބުރި ބަލާލިއިރު ޖެހިގެން ކަހަލަ ގޮތަކަށް ލުހާ ހުއްޓެވެ. ރާވީއާއި ކޮންމެވެސް ވާހަކައެއް ދައްކަން ދަޔާން ހުއްޓެވެ.
“މިތާ ކީއްތަ ތިކުރަނީ. އައި ހޭވް އަ ބިގް ނިއުސް” ހެވިފައި ހުރެ ލުހާ ބުނެލިއެވެ. އެހިނދު ޔަލާ އަތުން މަޑުކުރުމަށް ލުހާއަށް އިޝާރާތްކޮށްލުމާއެކު ފޯނުން ވާހަކަދައްކަން ފެށިއެވެ. އަވަސްއަރުވާލާފައި ފަހުން ގުޅާނަން ކަމުގައި ބުނެ ފޯނުކޯލު ކުރުކޮށްލިއެވެ.
“ކާކު ބިޓުތަ ގުޅީ” ދަޔާންއާއި ރާވީގެ ގާތަށް ޔަލާއާއި ލުހާ އައިސް ހުއްޓިލުމުން ރާވީ އަހާލިއެވެ. އޭނާގެ އަޑުގައި ކުރިން ހުރި ގާތްކަމެއްނެތެވެ. ހީވަނީ ކަމަކާ ހިތްހަމަނުޖެހިފައި ހުރި ހެންނެވެ. އެކަން ޔަލާއާއި ލުހާއަށް ވެސް ފާހަގަކުރެވުނެވެ.
ގެއަށް ދިއުމަށްޓަކައި ހަތަރު މީހުން އެއްކޮށް އެއްގަމަށް އެރުމަށް ހިނގައިގަތެވެ. ސައިކަލާ ހަމައަށް ދެވުމާއެކު ލުހާ ރަކިގޮތަކަށް ހީނލާފައި ދަޔާންއަށް ބަލާލިއެވެ. ދެން ފެނުނީ ޔަލާގެ ކަންފަތްދޮށުގައި ސިއްރު ވާހަކައެއް ބުނެފައި ދަޔާންގެ ގާތަށް އޭނާ ދިޔަ ތަނެވެ.
“އަހަރެން ދުއްވަންތަ” ޔަލާގެ ގާތުގައި އައިސް ހުއްޓިލި ރާވީ އަހާލިއެވެ. އެއާއެކު ދެކޮނޑުއަރުވާލަމުން ޔަލާ ބޯޖަހާލީ އޭނާގެ މައްސަލައެއްނެތްކަމުގައި ބުނާ ކަހަލަ ގޮތަކަށެވެ. އަދި އަތުގައި އޮތް ސްކޫޓަރުގެ ތަޅުދަނޑި ރާވީއަށް ދިއްކޮށްލިއެވެ. ލުހާ ފެންނަނީ އާދަޔާ ޚިލާފަށް އުފާވެފައި ހުއްޓައެވެ. އޭނާއާއި ދަޔާންގެ ދެމެދުގައި އޮތް ގުޅުން ކުރިއަށްވުރެ ގާތްވެއްޖެކަން އެ މީހުންނަށް ބަލަން ހުރި ޔަލާއަށް ޔަޤީންވިއެވެ. އެހެންނޫންނަމަ ދަޔާންއާއެކު އޭނާގެ ސައިކަލު ފަހަތަށް އެރުމަށް ލުހާ ނުދާނެއެވެ.
“ރާވީ، ޔޫ އޯލްރައިޓް” ގެއާ ދިމާއަށް ދުއްވަމުން ދިޔައިރު ރާވީ ބަހެއް ވެސް ބުނެނުލާ އިނުމުން ޔަލާ އަހާލިއެވެ. އެވަރުން ވެސް ރާވީ ބަހެއް ބުނުމުގެ ބަދަލުގައި “ހޫން” ލައްވާލިއެވެ. ޔަލާ ވެސް އިތުރަށް އޭނާއަށް ވެފައި އިންގޮތެއް އޮޅުފިލުވުން މުހިންމު ކަމުގައި ނުދެކުނެވެ. އޭގެ ބަދަލުގައި ސައިކަލު ފަހަތުގައި އިނދެ ދެ ލޯ މަރާލިއެވެ. ފިނިފިނި ވައިރޯޅިތައް މޫނުގައި ބީހިލާފައި ދާއިރު ޔަލާގެ ހިތް އުފާކޮށްދެއްމުން ދިޔައެވެ.
“ޒާލް… އޯ ޒާލް…” ޔަލާގެ ހިތް ގޮވަމުން ދިޔައެވެ. ޚިޔާލީ ދުނިޔެއިން ޔަލާއަށް ނުކުމެވުނީ ރާވީ ކުއްލިއަކަށް ސްކޫޓަރުގެ ބުރެކި ޖެއްސުމުންނެވެ. ނުވިސްނާ އިން ޔަލާ ކުރިއަށް އެއްލިގެން ދިޔަ ފަދަ ގޮތަކަށް އައިސް ރާވީގެ ބުރަކަށީގައި ތަތްވިއެވެ.
“ކިހިނެއް ތިހެދީ” ޔަލާ އަވަސްއަވަހަށް ރާވީއާ ދުރަށް ޖެހިލަމުން ބުނެލިއެވެ.
“ސޮރީ” ރާވީގެ ޖަވާބު ވަރަށް ކުރެއެވެ. އެހެންނަމަވެސް އޭނާ އެގޮތަށް ކަންތައްކުރީ ގަސްދުގައެވެ. ޔަލާ މާ ދުރުގައި އިންނާތީ ކައިރިކޮށްލުމަށެވެ. އަދި އޭނާއަށް ޔަލާގެ ސަމާލުކަން ހުއްޓުވުމަށެވެ.
“ގެއަށް އާދެވުނީ ދޯ” ކިނާރީގެ ދޮރޯށި ފެންނަން ހުރުމުން ޔަލާ ބުނެލިއެވެ.
“ކޮންދުނިޔެއެއްގައިތަ ޔަލާ ތި އިނީ. މި މަގަށް ވަދެގެން އައިއިރު ވެސް ގެއަށް އާދެވުނުކަން ތި އެނގުނީ އަދިކިރިޔާ” ރާވީ ބުނެލިއެވެ.
“މާބޮޑަށް ޓަޔަރޑްވީމަ ނޭނގުނީ… އޯކޭ… ދެން ދަނީ އިނގޭ. ގުޑްނައިޓް” ސްކޫޓަރަށް ޖަހާފައި އިން ތަޅުދަނޑި ނެގިއެވެ. އަދި ރާވީއާ ހިނިތުންވުމެއް ބަދަލުކޮށްލާފައި ލުހާ ކޮބާތޯ ބަލާލިއެވެ. އޭރު އޭނާ ވެސް ޔަލާގެ ގާތަށް އަތުވެއްޖެއެވެ.
“ތޭންކްސް ދަޔާން… ގުޑްނައިޓް” ދޮރޯށިން ވަނުމުގެ ކުރިން ޔަލާ ބުނެލިއެވެ. އަދި ލުހާ މަޑުކުރަން ފެށީމާ ވެސް އޭނާގެ އަތުގައި ހިފައިގެން ޔަލާ ގޭތެރެއަށް ވަނެވެ.
ސިޓިންރޫމުގައި އިން ޞާބިރާ ފެނުމުން ޔަލާއާއި ލުހާ ވެސް އައިސް މަޑުކޮށްލީ ސޯފާތަކުގައެވެ. މަންމައާ ކުޑަކޮށް ވާހަކަދައްކާލާފައި އެތެރެއަށް ދާންވެގެންނެވެ. ގޭގައި އެމީހުން ނެތުމުން ޞާބިރާ ފޫހިވާނޭވަރު އެނގޭތީއެވެ.
* * * *
އޮށޯވެލައިގެން އޮތް އިރު ޒަލަފްގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. އޭނާގެ ފިކުރުގެ ވާގަނޑަށް ވާންކުރަމުން ދިޔައީ ޔަލާއެވެ. އޭނާއަށް ޒަލަފް ފެނުނު ކަމުގައި ބުނާ ބުނުމާމެދު ޒަލަފް ޝައްކެއްނުކުރެއެވެ. އެއީ ޔަލާއަށް އެ ފެނުނީ ޒާލިފުކަން އެނގޭތީއެވެ. އެހެންނަމަވެސް ޒާލިފު އެކަން ހާމަނުކުރީ ކީއްވެބާއޭ ޒަލަފްގެ ސިކުނޑީގައި ސުވާލު އުފެދުނެވެ. ޒަލަފްގެ ކޮޓަރީގައި ހުރި ކުރެހުންތައް ފެންނާނެ ހަމައެކަނި މީހަކީ ޒާލިފަށްވާއިރު އެ ކުރެހުންތަކުގައިވާ ޔަލާއަށް ޒަލަފްގެ ހިތުން ޚާއްޞާ މަޤާމެއް ދެވިފައިވާކަން ޒާލިފަށް އެނގޭނެކަމުގައި ޒަލަފް ޤަބޫލުކުރިއެވެ. ވީއިރު ޔަލާ ފެނުނުކަން ޒާލިފު ނުބުނަންވީ ސަބަބެއް ޒަލަފްގެ ވިސްނުމަކަށްނައެވެ. އެހެންނަމަވެސް ޒަލަފް ގޮތެއް ނިންމިއެވެ. އެނދުގައި އޮވެފައި ތެދުވެގެން އައިސް ލަކުޑިފާރުގައި އަޅުވާފައި ހުރި ބޮޑު ވަށްލޯގަނޑަށް ނަޒަރު ހުއްޓާލިއެވެ. އިސްތަށިގަނޑުގައި ދެއަތުން ހިފާ މައްޗަށް ނެގުމަށްފަހު އަމިއްލަ މޫނު ލޯގަނޑުން ޒަލަފް ބަލަން ފެށިއެވެ. އިރުކޮޅަކު މޫނު އަނބުރައަނބުރާފައި އެކި ގޮތްގޮތަށް ލޯގަނޑުން ބެލުމަށްފަހު ކޮޓަރިތެރޭގައި ހުރި ސާމާނުތަކަށް ބަލާލިއެވެ. ކުރަހަން ބޭނުންކުރާ ސާމާނު އަޅާފައި ހުރި ފޮށި ހުޅުވާލާފައި ޒަލަފް ނެގީ ކަޓަރެކެވެ. އޭތި ހިފައިގެން އައިސް އަލުން ލޯގަނޑު ކުރިމަތީ ހުއްޓިއްޖެއެވެ. އަދި އިސްތަށިގަނޑުން ބައިބައި ނަގައި ކަޓަރުން ބުރި ކުރަމުން ދިޔައެވެ. ކަންފަތާ ހަމައަށް އިސްތަށިގަނޑު ބުރުކޮށްލުމާއެކު ކަޓަރު އެއްފަރާތެއްގައި ބާއްވާފައި ދެއަތުން އިސްތަށިގަނޑު ފަހަތަށް ވާގޮތަށް އަތްފުނާ އަޅާލިއެވެ. އޭރު ލޯގަނޑުން ފެންނަމުން ދިޔަ ޒަލަފްގެ ސޫރަ ހުރީ ހިނިތުންވެލައިގެންނެވެ.
“މިހާރު ރީތިތަ” ޒަލަފް ސުވާލުކުރީ ލޯގަނޑަށް ބަލަހައްޓައިގެން ހުރެ ކަމަކު އޭނާގެ ހިތުގައިވަނީ ޔަލާއެވެ.
“ފެންނަ ހިސާބަށް ނުކުތީމައެއްނު މިހާރު ރީތިތޯ ބުނަން އެނގޭނީ” ކުއްލިއަކަށް ދުރުން އައިސް ޒަލަފްގެ ކަންފަތުގައި ޖެހުނީ މީގެ ކުރިން އަޑުއިވިފައިވާ އަންހެން އަޑެކެވެ.
“އަހަރެން ނުބުނަންތަ ނާންނާށޭ. ކީއްވެތަ ކަލޭ އަހަންނަށް ފާރަލަނީ. އަހަރެންގެ އަމިއްލަ ކަންކަމާ ބެހެނީ… ލަދެއް ވެސް ނެތީއޭ ދޯ… އަހަރެން ކަލޭ ދުށުމަކަށް ކުޑަކޮށް ވެސް ނޭދެމޭ ބުނީމާ އަންނަން ކެރޭނީ ގައިމު ލަދުގެ ކުޑަމިންވަރެއް ވެސް ކަލޭގެ ނެތީމައެއްނު” ޒަލަފްގެ މޫޑު ވަގުތުން ހަރާބުވެގެން ދިޔައެވެ.
“އަހަރެން ހުއްޓުވަން ޒަލަފް އަންނަންވީނު. ތި ގޭގައި ހުރިހާ ދުވަހަކު ޒަލަފްއަށް އަހަންނެއް ނުހުއްޓުވޭނެ” ބެހެމަތް މިހެން ބުނެ ލާނެތްގޮތަކަށް ހީނލިއެވެ. އެއާއެކު ޒަލަފްގެ ހިތްހަމަނުޖެހުން އިތުރުވެގެން ދިޔައެވެ.
“ކަލޭ ނުބުންޏަސް އަހަރެން މިގެއިން ނުކުންނަންވީމާ ނުކުންނާނަން. އަހަރެން ކަންތައްކުރަންވީ ގޮތް ކިޔައިދޭން ކަލޭ ތީ ކާކު”
“ހީކޮށްލާ އަހަންނަކީ ޒަލަފްއާ ވަރަށް ގާތް މީހެކޭ… މިހާ ކައިރިއަށް އާދެވޭނީ އެހެންވެތާ. ނޫންތަ؟ މިހާ ދުވަސްކޮށްފައި އަހަންނާ ބައްދަލުވުމުން އަހަރެން ހީކުރީ ޒަލަފް އަހަންނާ ވާހަކަދައްކާނޭ ކަމަށް. ކުޑައިރުއްސުރެން އަހަރެން ފެނިފެނިފައި ގެއްލުނީ ކީއްވެތޯ ސުވާލުކުރާނޭ ކަމަށް… މިހާރު އެނގިއްޖެ އެހެނެއްނުވާނޭކަން… އެހެންނުވާނީ ކީއްވެކަން ވެސް އެނގޭ… ތިގޭގައި އުޅޭހާ ދުވަހަކު އަހަރެންދެކެ ޒަލަފް ފޫހިވާނެކަން އެނގޭ. އެއީ ޒަލަފްގެ މައްސަލައެއްނޫން. އަހަރެންގެ ހިތުގައި ނެތް އެއްވެސް ޝަކުވާއެއް”
“ކޮންމެހެން އަހަނަށް އަޑުއިއްވާނޭކަމެއްނެތް…” ޒަލަފް ރުޅި ގަދަވެގެން އައިސް އެނދުމައްޗަށް ވެއްޓިގަތެވެ. އަދި ބެހެމަތް އިތުރަށް ދެއްކި އެއްވެސް ވާހަކައަކަށް އޭނާ ރައްދެއް ނުދިނެވެ. އަޑުއިވޭ ކަމަށް ވެސް ހަދާނުލާ އޮތީއެވެ.
“ޒަލަފް ނުކުންނަން ބޭނުންވާނަމަ އަހަރެން އެހީވާން މިހިރީ ތައްޔާރަށް. އެ އަންހެންކުއްޖާއާ ބައްދަލުކުރަންދާން ބޭނުންވާނޭކަން އަހަންނަށް އެނގޭ. އެކަން ކުރެވޭނީ ހަމައެކަނި ތި ޤައިދުޙާނާއިން ނުކުމެގެން… އަހަރެން ދެން ދަނީ. އެކަމަކު ދިއުމުގެ ކުރިން ބުނެލަން ބޭނުން. ޒަލަފް އެދެފިއްޔާ މާދަމާ ޒަލަފް ދުށުމަށް އެދޭ ކުއްޖާ މިތަނަށް ގެނެސްދީފާނަން. އޭރުން އުފާވާނެތަ” ބެހެމަތްގެ ބޭނުމަކީ ޒަލަފްގެ ބުއްދިއާ ކުޅުން ކަހަލައެވެ. ދެން ވެސް ޒަލަފްގެ ފަރާތުން އެއްވެސް ޖަވާބެއް ނައެވެ. ބެހެމަތްއަށް ކުރި އެރޭ ގޮތެއްނުވިއެވެ. އޭނާ ފެންސުގެ ކައިރިން ދުރަށް ގޮސް ގަސްތަކާ ނިވާވުމާއެކު ގެއްލިއްޖެއެވެ.
“ޔަލާ އަތުވެއްޖެއްޔާ މަންމައާއި ބައްޕަ ހިތްހަމަނުޖެހޭނެ. ޒާލިފު ވެސް އަންހެންކުއްޖަކު ގެއަށް ނުގެންނަނީ އެހެންވެ. އެކަމަކު މިހެން އުޅެންވީ ކިހާ ދުވަހަކު… މިހާރު އަހަރެންގެ ނޭވާ ހާސްވާކަހަލަ. ކުރިން ޖައްލެއްގައި ބަންދުވެފައި ހުރިހެން ހީނުވިޔަސް މިހާރު އެހެން ހީވޭ…. ހުރިހާ ކަމެއް ވެސް ރަނގަޅުވާނެއޭ އަބަދު މަންމަ ބުނާނެ. އެކަމަކު ރަނގަޅުވީ ކަމެއް އަހަންނަކަށް ނުފެނޭ… ކުޑައިރުއްސުރެ އުޅެންޖެހިފައި މިވަނީ މިގޮތަށް. މިހެން އުޅެންޖެހިފައިވަނީ ކީއްވެކަމެއް ވެސް މަންމައަށް ބުނެވުނީއެއްނޫން. އަހަރެން…. އަހަރެން ޔަލާ ބޭނުން… ޔަލާގެ ގާތަށް ދާން ބޭނުން… ޔަލާ ގޮވައިގެން މިގެއަށް އަންނަން ބޭނުން… ޔަލާގެ ޢާއިލާއާއި ރަޙުމަތްތެރިންނާ ބައްދަލުކުރަން ބޭނުން… ޒާލިފު އުޅޭހެން ރަށު ތެރޭގައި ހިނގާލަން ބޭނުން…” ބަންޑުން އޮތް ޒަލަފް އޭނާގެ ހިތާއި ސިކުނޑިއަށް ކުޅަދާނަ ނުވުމުން ބާލީހުގައި ބޯތަޅައިގަތެވެ.
“ބެހެމަތްގެ ބޭނުމަކީ ކޮބައިބާ؟ އޭނާ ބައެއްފަހަރު އުޅޭ ގޮތުން އަހަންނަށް ހެޔޮ އެދޭހެން ހީވޭ. އަހަނަށް ޔަލާ ހޯދައިދޭން މަސައްކަތް ކުރާ ކަހަލަ… އެކަމަކު… އެކަމަކު އޭނާއަށް އިތުބާރުކުރަންވާނެތަ… އޭނާއަކީ އަހަރުމެން ކަހަލަ މީހެއްނޫންކަން އަހަންނަށް އެނގޭ… އެހެންވިޔަސް އޭނާގެ ބަހުގައި ޔަޤީންކަން އެކުލެވިފައިވޭ… ފަހަރެއްގައި އަހަންނަށް ޔަލާ ލިބެން އޮތް ގޮތަކީ އެއީ ކަމަށް ވެދާނެބާ؟ ބެހެމަތް ބުނާހެން މި ގެއިން ނުކުމެއްޖެނަމަ އަހަރެން މިނިވަންވެދާނެބާ؟” ޔަލާ ބޭނުންވެފައި ހުރިލެއް ބޮޑުކަމުން ޒަލަފްގެ ސިކުނޑި އޭނާއަށް ހަމަޖެހުން ލިބެން އޮތް މަގެއްވިއްޔާ ދައްކަމުން ދިޔައެވެ. އެގޮތުން ބެހެމަތްގެ ވާހަކަތަކާ މެދު ޒަލަފްއަށް ވިސްނެން ފެށުނެވެ. އެ ޚިޔާލުތަކުގައި ރޭގެ ބާކީބައި ޒަލަފް ހޭދަކުރިއެވެ.
ދޮރުގައި ޓަކިދޭ އަޑަށް މަޑުމަޑުން ޒަލަފްގެ މެރިފައިވާ ދެ ލޯ ހުޅުވާލިއެވެ. އެހިނދު ކޮޓަރީގެ ދޮރުގެ އަނެއްފަރާތުން އަރީޝާގެ އަޑުއިވެމުން ދިޔައެވެ. އެއާއެކު ޒަލަފްއަށް ބަލާލެވުނީ ކުޑަދޮރަށެވެ. އިރުގެ އަލިކަން ފެތުރިފައިވަނިކޮށް ފެނުމުން ދުވާލުވީކަން ޒަލަފްއަށް އެނގި އަވަހަށް އެނދުން ތެދުވެގެން އައިސް ދޮރު ހުޅުވާލިއެވެ.
“އަސްތާ! ކިހިނެއްވެފައި ތިހިރީ… ބޮލަށް ކިހިނެއް ހެދީ” ދޮރުމަތީ ހުރި ޒަލަފް ފެނި އަރީޝާ ހައިރާންކަމުން ފުރިގެންދިޔައެވެ. އަދި ޒަލަފްގެ މޫނުމަތިން އެއްފަރާތަށް ވެރިފައި ހުރި އިސްތަށިތަކުގައި އަރީޝާ އަތްލިއެވެ.
“ބޯކޮށާލީ…” ޒަލަފް ވެސް އަމިއްލަ އިސްތަށިގަނޑުގައި އަތްހާކާލަމުން ބުނެލިއެވެ.
“އެހެންތަ؟ ފެންވަރައިގެން އާދޭ ސައިބޯން. ޒާލްއާއި ބައްޕަ ވެސް އެބަތިބި ތިރީގައި” ހައިރާންކަން ފިލައި ނުދިޔަނަމަވެސް އަރީޝާ ބުނެލިއެވެ. އަދި ވިސްނުމެއްގައި ހުރެ ސިޑިން ފައިބައިގެން ދިޔައެވެ.
ބަދިގެއަށް އައިސް ޒަލަފް ވަނުމާއެކު ކާމޭޒުދޮށުގައި ތިބި ޒާލިފާއި އަބްދުއްރަޢޫފުގެ ދެ ލޯ ބޮޑުކޮށްލިއެވެ. އެމީހުންނަށް ވެސް ޒަލަފް ހުރި ގޮތް ޤަބޫލުނުކުރެވުނެވެ. ޒަލަފްއަށް ބަދަލުތަކެއް އަންނަނީކަން އަބްދުއްރަޢޫފަށް ފާހަގަވި ނަމަވެސް އެއީ ކީއްވެކަމެއް އޭނާއަކަށް ހަމައެއްގޮތަކަށް ވެސް ނޭނގުނެވެ.
“ކިހިނެއްވީ ބޯކޮށާލީ” ޒާލިފު ނާހަން އިނދެފައި ވެސް އަހާލިއެވެ.
“ކުރުކޮށްލަން ބޭނުންވީ” ޒަލަފް ޖަވާބުދޭއިރު ހީވަނީ ކިރިޔާ ފުދޭ މިންވަރަށް އެއްޗެއް ބުނާހެންނެވެ.
“އެކަމަކު ތިއޮތީ އެކިވަރުވަރަކައްނު ކޮށާލާފައި” އަބްދުއްރަޢޫފު ބުންޏެވެ.
“އާން! އެއީ… ކަތުރެއް ނުފެނުނީމަ ކަޓަރުން ބުރިކޮށްލީ” ނިކަން ހަމަޖެހިފައި އިން ޒަލަފް ބުނެލިއެވެ.
“ސާބަސް ދަރިފުޅަށް… ބައްޕަ ގާތު ބުނިނަމަ ރީތިކޮށް ބޯކޮށައި ދިނީހެއްނު” ބަދިގޭގައި އުޅުނު އަރީޝާއަށް ޒަލަފްގެ އަޑުއިވިފައި ބުނެލިއެވެ.
“އަދި ކޮށަން ބޭނުމޭ… ޒާލިފުގެ ހުރި ގޮތަށް. ބައްޕާ. އެވަރަށް އަހަރެންގެ ބޯކޮށައިދޭންވީނު” ޒާލިފަށް ބަލާލާފައި ޒަލަފް ބުނެލިއެވެ. އެހިނދު ޒާލިފު ލޯ ހިންގާލި ގޮތުން ހީވީ އޭނާ ޒަލަފްގެ ބޭނުން ދެނެގަންނަން ބޭނުންވިހެންނެވެ.
“ދެން ސައިބޮއެގެންނު އިތުރުކަމެއް ކުރާނީ” އަބުދުއްރަޢޫފު ބުނެލިއެވެ.
ގޯތިތެރޭގައި އިށީނދެވޭނޭހެން ހުރި ރުއްބުޑެއްގެ މަތީ ޒަލަފް އިށީނދެ އިންއިރު އަބުދުއްރަޢޫފު ކަތުރަކާއި ފުނަލެއް ހިފައިގެން ޒަލަފްގެ ބޯކޮށަށް އުޅެއެވެ. އޭނާގެ މަސައްކަތް ބަލަން އުނަގަނޑުގައި އެއްއަތް ވިއްދާލައިގެން އެއްފައި މައްޗަށް ބުރަވެ އަރީޝާ ހުއްޓެވެ. އެމީހުންނަށް ބަލަން ދުރުގައި ޑެކުގެ ހަރުފަތްތަކަށް ފައިބައިލައިގެން ޑެކުމަތީ އިށީނދެ ޒާލިފު އިނެވެ. އޭނާގެ ހިތަށް ބުނެދޭން ނޭނގޭ ގޮތްތަކެއް ވަމުން ދިޔައިރު އެކަމުގެ ހަޤީޤަތެއް އޭނާއަކަށް ނޭނގުނެވެ. މޫނުމަތިން ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ފާޅުވަމުން ދިޔައިރު އޭނާގެ ސިކުނޑީގައިވަނީ އެންމެފަހުން ޔަލާއާ ބައްދަލުވި ވަގުތު އޭނާ ކަންތައް ކުރި ގޮތެވެ.
“ޒާލިފާއި ޒަލަފްއަކީ އެކަކެއް ނޫން” ޒާލިފުގެ ޟަމީރު ބުނެލިއެވެ. ހަމައެވަގުތު ދުރުގައި ތިބި އަބްދުއްރަޢޫފާއި އަރީޝާ ހޭންފެށި އަޑުއިވުނެވެ. އެހެންވެ ޒާލިފު ވެސް އެ ދިމާއަށް ބަލާލިއެވެ.
“މިހާރު ތިޔައިގެ ދެ ކުދިން ވަކިކުރާކަށް ވެސް ނޭނގޭނެ” ހެމުން ހެމުން އަރީޝާ ބުނެލިއެވެ. އެއާއެކު ޒަލަފްގެ ގައިގާ އަޅާފައި އޮތް ބެޑްޝީޓުގަނޑު ނަގައި އިންތަނުން އޭނާ ތެދުވިއެވެ. އިސްތަށިގަނޑު ކުރުކޮށްލާފައި ހުރިއިރު ޒާލިފްއަށް ވެސް ޒަލަފް ފެނުމުން ހީވީ ކުރިމަތީ ހުރީ ލޯގަނޑަށް އެޅިފައިވާ އޭނާގެ ސޫރަހެންނެވެ. ތެދުވިގޮތަށް ފާޑެއްގެ ގޮތެއްވެފައި ޒާލިފަށް ހުރެވުނީ ޒަލަފްއަށް ކަޅި ހުއްޓާލި ގޮތަށެވެ.
“މިހާރު ރަނގަޅު ދޯ” ޒާލިފުގެ ކުރިމަތީ ހުއްޓިލަމުން ޒަލަފް އަހާލިއެވެ.
“ހާދަ ބޮޑު ބަދަލެއް” ހައިރާންކަމުގެ ތެރެއިން ހިނިތުންވެލަން މަސައްކަތް ކުރަމުން ޒާލިފު ބުނެލިއެވެ.
“ކުރިން ހުރި ގޮތް ކަމުނުދާތީ ބަދަލުވެލީ. ރަނގަޅެއް ނޫންތަ؟” ޒަލަފް މިހެން ބުނުމުން ޒާލިފުގެ ޖަވާބަކަށްވީ ފަނޑު ހިނިތުންވުމެކެވެ.
“ޒާލް ހީވަނީ މުޅިން އެހެން މީހެއްހެން” ބެޑުޝީޓުގައި ހަރުލާފައި ހުރި އިސްތަށިތައް ފޮޅަމުން އަރީޝާ ވާހަކަދެއްކިއެވެ.
“ޒަލަފްއަށް ބަދަލުތަކެއް އެބަ އާދޭ… ދުނިޔޭގެ ކަންކަމާމެދު އޭނާ ފިކުރުކުރާހެން އަހަންނަށް ވަރަށް ހީވޭ. ބިރުގަންނަނީ އެހެން ހުރެފައި ކޮށްފާނެކަމެއް ނޭނގޭތީ” ޒަލަފް އިނދެފައި ތެދުވި ރުއްބުޑުމަތީ އިށީނދެގެން އިން އަބްދުއްރަޢޫފު ބުނެލިއެވެ. އޭނާގެ ވާހަކައާ މެދު އަރީޝާ ވެސް ވިސްނާލިއެވެ.
“އަހަރެން ހިތަށް އަރާ އެއްޗެއް ބުނަންތަ؟” މަޑުޖެހިލާފައި ވެސް އަރީޝާ އޭނާގެ ހިތުގައިވާ އެއްޗެއް ހާމަކުރަން ބޭނުންވިއެވެ.
“ހޫމް! ބުނެބަލަ” އަރީޝާއަށް ބަލާލަމުން އަބްދުއްރަޢޫފު ބުނެލިއެވެ.
“މިހާރު ޒަލަފްއަކީ ކުޑަކުއްޖެއްނޫން. އޭނާ އެ ހުރީ ހުރިހާ ކަމެއް ވިސްނޭވަރުވެފައި. ހިތަށް އަރަނީ އޭނާ ދޫކޮށްލިޔަސް އަހަރެންގެ ގާތުން އޭނާ ނުދާނެއޭ. ހަޤީޤަތް އެނގުނަސް އަހަރުމެންނާ ވަކިނުވާނެއޭ… ކޮންމެގޮތެއް ވިޔަސް އަހަރެން މީ މަންމަ. މިހާ ދުވަހު އެ ދެބެން ބެލެހެއްޓީ އަހަރެން. މިގޮތަށް ހަޤީޤަތް ސިއްރުކޮށްގެން ޒަލަފް ހިފަހައްޓައިގެން އުޅެނިކޮށް އޭނާ އަހަރުމެން ދޫކޮށްލާފައި ދާ ކަހަލަ ޚިޔާލެއް ކޮށްފާނޭތީ މިފަހަކަށް އައިސް ވަރަށް ވިސްނޭ އެކަމާ… ރަޢޫފު ބުނިހެން އަހަންނަށް ވެސް ޒަލަފްއަށް ބަދަލުތަކެއް އަންނަކަން ފާހަގަކުރެވޭ. އެކަމަކު އެއީ ކީއްވެކަން ނޭނގޭތީ ކަންބޮޑުވޭ. ސުވާލެއްކުރަން ނުކެރެނީ ވެސް ޒަލަފްގެ ފަރާތުން އަހަންނާ ކުރިމަތި ކުރުވަފާނެ ސުވާލުތަކާ ހެދި….”
“އަރީޝާ ބުނާހާ ފަސޭހައިން ތިކަން ނިމޭކަށް ނެތް. އެ މީހުން އެ ތިބެނީ ފާރަލާލާ… ޒަލަފް އަހަރުމެންގެ އަތުން ގެންދާނެ ފުރުޞަތަކަށް ބަލަބަލާ… އެމީހުންގެ ބަހެކޭ ހިލަގަނޑެއްގައި އަޅާ ރޮނގެކޭ އެއްވަރު. އެމީހުން ހަނދާނެއް ނުނެތޭނެ. ކުރިން ރޭ އެ އިވުނު އަޑުފަށްގަނޑަކީ އާދައިގެ ކަމެއްނޫން. އަހަރެން ބެލުމުން ވެސް ދައްކަނީ ޒަލަފްއަށް އެމީހުންގެ ފަރާތުން ފާރަލަމުން ދާކަން. އަހަންނަށް ވެސް ބުނާކަށް ނޭނގޭ މުސްތަޤުބަލުގައި ކަންތައްވާނީ ކިހިނެއްކަމެއް. އެމީހުންގެ އަމާޒަކީ ހަމައެކަނި ޒަލަފް. އަނެއްކޮޅުން ހުރިހާ ވާހަކައެއް އަރީޝާ ކިޔައިދީފިނަމަ ފަހަރެއްގައި އެކަމުގެ ހަޤީޤަތް އޮޅުފިލުވަން ޒަލަފް ބޭނުންވެދާނެ. އެމީހުންގެ ގާތަށް ދާން ޒަލަފް ބޭނުންވެދާނެ. އެމީހުންގެ ގާތަށް ދިއުމަށްފަހު އޭނާ ގެނައުމަކީ އަހަންނަށް ވެސް ފަސޭހަކަމަކަށްނުވާނެ. އަހަރެން ބޭނުމެއްނޫން އަރީޝާއަށް ކަމެއްވާކަށް”
“ކުރިން ހުންނަ ނެގިމަޑުގޮތެއް މިހާރު ޒަލަފްގެ ނުހުރޭ. ގިނައިން ފެންނަ އިރު ހުންނަނީ ހިނިތުންވެލައިގެން… އަހަރެން ހާދަ ހިތްބިރުގަނެޔޭ” އަތުގައި ބެޑުޝީޓުގަނޑު ބޮނޑިކޮށްލާފައި އަތުގެ ތެރެއަށް ލަމުން އަރީޝާ ބުނެލިއެވެ.
“އަހަންނަށް ވީވަރެއް އިރާދަކުރެއްވިއްޔާ ކުރާނަން. ބިރުނުގަނޭ ދެން” އަބްދުއްރާޢޫފު ތެދުވުމާއެކު އޭނާއާއި އަރީޝާ ހިނގައިގަތީ ގޭތެރެއަށް ވަނުމަށެވެ.
“ޒާލް… ކިހިނެއްވެފައި ތި އިނީ. މިއަދު މޫދަށް ވެސް ނުދާ ދުވަހަކީތަ” ލަކުޑި ޑެކުމަތީ ސިޑީގެ މަތީ ދެވަނަ ހަރުފަތަށް ދެފައި ތިރިކޮށްލައިގެން ދުރަށް ނަޒަރު ހުއްޓާލައިގެން އިން ޒާލިފުގެ ގާތުގައި ގޭތެރެއަށް ވަންނަން އައި އަރީޝާ އަހާލިއެވެ.
“ކަމެއްނުވޭ. ތަންކޮޅެއް ފަހުން ދާނީ” ޝައުގުވެރިކަން ކުޑަގޮތަކަށް ޒާލިފު ބުނެލިއެވެ.
* * * *
މަސައްކަތަށް ދޭންޖެހޭ ސަމާލުކަން ދިނުމަށް އަމިއްލަ ނަފްސަށް ޔަލާ މަޖުބޫރުކުރަމުން ދިޔައެވެ. އޭނާގެ ޚިޔާލުން ޒަލަފް ބޭރުކޮށްލަން ކުރި މަސައްކަތް ބޭކާރުވުމުންނެވެ. މެންދުރުފަސްވެ ޑިއުޓީ ނިމެން ކައިރިވެފައި ވަނިކޮށް ރީހާންގެ މެސެޖެއް ޔަލާއަށް ލިބުނެވެ. ޑިއުޓީ ނިންމާފައި ރީހާންއާއެކު ކޮފީއެއް ބޯލުމަށް ދާން ދަޢުވަތު ދީފައި އެ މެސެޖުގައި ވެއެވެ. ދޭނޭ ޖަވާބަކާމެދު ވިސްނާލަން އިރުކޮޅަކު ޔަލާ އިނެވެ. ފޯނަށް ބަލާލާފައި ތިރީތުންފަތް އިރުއިރުކޮޅާ ހަފާލައެވެ. ހަދާނޭގޮތެއް ނޭނގިގެން އުޅޭ މީހަކު ހެންނެވެ. އެންމެފަހުން ހިތާ ދެކޮޅަށް ވިޔަސް ރީހާންގެ ދަޢުވަތު ޤަބޫލުކުރިއެވެ.
“ބައެއްމީހުންނާ ބައްދަލުކުރަން ބޭނުންނުވާކަން އެމީހުންނަށް އެނގޭނެނަމަ ކިހާ ރަނގަޅު” މެސެޖުލިޔެފައި ފޮނުވާލިއިރު ޔަލާގެ ހިތް ބުނަމުން ދިޔައެވެ.
ޑިއުޓީ ގަޑި ނިންމާފައި ޔަލާ ނުކުމެގެން އައިސް ހޮސްޕިޓަލުގެ ދެފަރާތަށް ކެހޭ ބިއްލޫރި މައިދޮރުގެ ބޭރުގައި މަޑުކޮށްލައިގެން ހުއްޓާ ރީހާން ވެސް ހޮސްޕިޓަލުން ނުކުތެވެ.
“އަހަންނާއެކު ކާރުގައި ދާންވީނު. ފަހުން އަންނާނީ ސައިކަލު ނަގަން” ފަޓުލޫނުގެ އަރިމަތީ ޖީބަށް ވައަތް ކޮށްޕާލައިގެން ހުރެ ރީހާން ވާހަކަދެއްކިއެވެ. ލާފައި ހުރި ކަޅުރަތްކުލައިގެ ސްލިމްފިޓް ގަމީހާއި ކަޅު ފަޓުލޫނުގައި ރީހާންގެ ތެދު ހަށިގަނޑު ފެންނަނީ ވަރަށް ވެސް ހިތްގައިމުކޮށެވެ. ފަންއިސްތަށިގަނޑު އެއްފަރާތަށް ވާގޮތަށް ހަރުކޮށްލާފައި ހުރިއިރު އޭނާގެ ތަނަވަސް ނިތްކުރި ބޮޑުކަމަށް ދައްކައެވެ. އަނެއްކޮޅުން އަޅާފައި ހުރި ނަންބަރު އައިނުން އޭނާގެ ހައިބަތު އިތުރުކޮށްދެއެވެ.
“ރީހާން ކާރުގައި ދާންވީނު. އަހަރެން ސައިކަލުގައި ދާނަން” ޔަލާ ބުނެލިއެވެ. އެގޮތް ވެސް ރީހާން ޤަބޫލުކުރިއެވެ.
ރީހާންގެ ކާރުގެ ފަހަތުން ދުއްވަމުން އައި ޔަލާ އޭނާގެ ސްކޫޓަރު ޕާކުކޮށްލާފައި އައިސް ރީހާންގެ ކާރު މަޑުކުރި ރެސްޓޯރެންޓުގެ ދޮރު ކައިރީ މަޑުކޮށްލިއެވެ. ގިނައިރެއްނުވެ ރީހާން ވެސް ކާރުން ފައިބައިގެން އަތުވެއްޖެއެވެ. ދެ ޒުވާނުން އެކުގައި އެތެރެއަށް ވަދެގެން އައިސް ހުހަށް ހުރި މޭޒެއްގެ ދޮށުގައި އިށީނެވެ. ދެ މީހުން އެކަކު އަނެކަކަށް ކުރިމަތިވާ ގޮތަށެވެ.
“ވަރަށް ޕާސަނަލް ސުވާލެއްކޮށްލަންތަ؟” ރީހާން ކުޑަކޮށް ވެސް ވަގުތު ބޭކާރުކުރާކަށް ބޭނުމެއްނުވިއެވެ. ޔަލާގެ ފަރާތުން ހުއްދަ ހޯދުމަށްފަހު އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.
“ރޭގައި އެ ފެނުނީ ބޯއިފްރެންޑާއެކުތަ”
“ކިހިނެއްވީ؟” ޔަލާ ހައިރާންކަމާއެކު އަހާލިއެވެ.
“ނޭނގުމުގެތެރޭ އެއްޗެއް ބުނެވުމުގެ ކުރިން ޔަލާއަކީ ސިންގަލް ކުއްޖެއްނޫންކަން އެނގުން މިހުންމު. އޭރުންތާ އެނގޭނީ ކޮންމެ ކޮންމެ ކަހަލަ ސަމާސާއެއް ނުކުރަން” ޔަލާގެ ލޮލާ ލޯ އަމާޒުކޮށްލައިގެން އިނދެ ރީހާން ބުނެލިއެވެ.
“އެއީ ބޯއީފްރެންޑެއްނޫން. އެތަނުން އެއްކުއްޖަކީ ނެއިބަރސް… އަނެކަކަކީ ޖަސްޓް ފްރެންޑްސް” ޔަލާ ބުނެލިއެވެ.
“އެކަމަކު އޭނާއަށް ހާދަ ފާޑަކަށޭ އުޅުނީ” ކޮންމެވެސް ވަރަކަށް ހިނިއައިސްފައި އިނދެ ރީހާން ބުނެލިއެވެ.
“ހީޒް ޖަސްޓް ޕްރޮޓެކްޓިވް… އެ ވާހަކަ އޮޅުން ފިލުވަންތަ ކޮފީއަކަށް ދާން ބުނީ” ޔަލާ ބުނެލިއެވެ. އޭނާ އެފަދަ އެއްޗެއް ބުނެދާނެކަމަށް ރީހާން އިނީ ތައްޔާރުވެއެއްނޫނެވެ. އެހެންނަމަވެސް އޭނާ އަވަސްއަވަހަށް ވާހަކައިން ހަމަޖައްސާލިއެވެ.
“މި އެކުވެރިޔާއާއެކު ކޮފީއަކަށް ވެސް ދާން ބޭނުންނުވަނީތަ؟” ރީހާން މިހެން ބުނެލުމުން ޔަލާ ކުޑަކޮށް ހިނިތުންވެލާފައި ދެފަރާތަށް ބޯހޫރާލިއެވެ.
ކޮފީތަށި ހުސްވުމާއެކު ޔަލާ އިނީ ދާން ބޭނުންވެފައެވެ. މަންމައަށް ކަމެއް ކޮށްދޭން ބުނެފައިވާކަމަށް ބުނެ ބަހަނާއެއް ހަދާލާފައި ރެސްޓޯރެންޓުން ރީހާންއާއެކު ޔަލާ ނުކުތެވެ. އޭނާ އައިސް ސްކޫޓަރަށް އަރަން ދެން ރީހަން ބަލަހައްޓައިގެން ހުއްޓެވެ. އޭނާގެ ކާރަށް އަރަން ދިޔައީ ޔަލާ ދިއުމުންނެވެ.
ގޭގެ ދޮރޯށި ހުޅުވާލުމަށް ޔަލާ ހިފާލިއިރު ދޮރުހުރީ ތަޅުލާފައެވެ. އަތްދަބަހުގެ ތެރެއިން ތަޅުދަނޑިފައްޗެއް ނަގާ ދޮރޯށި ހުޅުވާލުމާއެކު ގޭތެރެއަށް ވަނެވެ. މައިގެއަށް ވަންނަ ދޮރު ވެސް ހުރީ ތަޅުލާފައެވެ. އެއާއެކު ގޭގައި އެކަކު ވެސް ނޫޅެނީކަން ޔަލާއަށް ޔަޤީންވިއެވެ. އޭނާ އައިސް ކޮޓަރިއަށް ވަދެ ހެދުން ބަދަލުކޮށްލައިގެން އައިސް ސިޓިންރޫމު ސޯފާގައި އިށީނދެ ޓީވީ ހުޅުވާލިއެވެ. އަދި ފޯނު ނަގާ ޞާބިރާއަށް ގުޅާލިއެވެ. އެއާއެކު ޞާބިރާގެ ފަރާތުން އެނގުނީ އޭނާވީ ރަށު އަންހެނުންގެ ކޮމެޓީގައި އޮތް ބައްދަލުވުމަށް ގޮސްކަމެވެ. ލުހާގެ ޑިއުޓީ ނިމޭނީ ހަވީރު ފަހެއްޖަހާ ފަހުންނެވެ. ކުރާނެކަމެއްނެތިފައި ސޯފާގައި އޮށޯވެލައިގެން ޔަލާ އޮތެވެ. އެހެން އޮވެފައި އޭނާ ޒަލަފްގެ ނަންބަރަށް ގުޅާލިއެވެ.
“އެނގިއްޖެތަ ކާކުކަން” ޒަލަފް ފޯނަށް ޖަވާބު ދިނުމާއެކު ޔަލާ އަހާލިއެވެ.
“އާން! އެނގިއްޖެ! ތި އަޑެއް ދުވަހަކު ވެސް ނޯޅޭނެއެއްނު…” ޒަލަފް ބުނެލިއެވެ.
“ވަރަށް ފޫހިވެގެން މި ގުޅާލީ… ޒާލް ކީއްކުރަނީ”
“ވަރަށް ޚާއްޞަ ކުރެހުމެއް ކުރަހަނީ” ޒަލަފް ޖަވާބުދިނެވެ. އެއާއެކު އިތުރަށް އޭނާގެ ވާހަކައަށް ޔަލާ ޝައުގުވެރިވިއެވެ.
“އަސްލިވެސްތަ… އަޅެ ވަރަށް ބަލާލާހިތްވޭ… ޔޫ އަރ އަ ޓްރޫ އާޓިސްޓު… ދަންތަ ބަލާލަން” ހަޤީޤަތުގައި ވެސް ޔަލާ ވަނީ ޒަލަފް ދުށުމަށް ބޭނުންވެފައެވެ. ސީދާ އެހެން ބުނަން އޭނާއަށް ނުކެރުނީއެވެ.
“އޭރުން…” ޒަލަފްއަށް އޭނާގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް ޔަލާ ވާހަކަދައްކަން ފެށިއެވެ.
“ސިއްރު ސިއްރުން ގޮސް ޒާލްގެ ކޮޓަރިއަށް ވަދެފާނަމޭ. އޭރުން އެކަކަށް ވެސް ނުފެންނާނެއެއްނު… ދެން ޒާލް އަންނާނީ އަހަރެން ގެއަށް ލާދެން” ޔަލާ މިހެން ބުނުމާއެކު ޒަލަފް ހީނލިއެވެ.
“މޮޔަކުއްޖާ… އެހެންކިހިނެއްވާނީ. ބައްޕަ ވެސް ގޭގައި އެބައުޅޭ… އަހަރެން ބުނީމެއްނު ޔަލާއާ ބައްދަލުކުރަން ދާނަމޭ. އިހަށް އަހަންނަށް ވަގުތުކޮޅެއް ދޭށޭ…. ޔަލާ ގާތުގައި ބުނަން ބޭނުންވެފައި ވަރަށް ބޮޑު ވާހަކައެއް އެބައޮތް. އެކަމަކު ބައްދަލުވީމަ އަހަރެންގެ ގާތުގައި ޔަލާ ބަހައްޓައިގެން ބުނަން ބޭނުންވަނީ. ވަރަށް ޙާއްޞަ ވާހަކައެއް” ޒަލަފްގެ އަޑު އަހަމުން ދިޔަ ޔަލާގެ ކަންފަތަށް ހިތްވިރިގެންދާފަދަ މަޑުމަޑު މިއުޒިކެއް އިވެމުން ދާ ކަހަލައެވެ. ޒަލަފްގެ އަޑުގައި އެފަދަ ޖާދުވީ އަސަރެއް އެކުލެވިފައި ވެއެވެ.
“ތިހާ ވަރަށް އިންތިޒާރުކުރުވާކަށް ނުވާނެ… ދެން އަދި އަމުދުން ތި ބުނަން އުޅޭ ވާހަކައެއް ނީވެނީސް ނިދިވެސް ނާންނާނެ. އަބަދު ހިތަށް އަރާނީ ޒާލް ބުނަން އުޅޭ ވާހަކަމަތިން. އެވަރު އަހަންނަށް ކުރުމަކީ އިންސާފެއްނޫން” ޔަލާ ޝަކުވާކުރާ ކަހަލަ ރާގެއްގައި ބުނެލިއެވެ. އެއާއެކު ޒަލަފް މިފަހަރު ވެސް ހީނލިއެވެ.
“ޔަލާއަށް އެނގޭތަ. ބޯ ޖަންގަލީގެ ތެރޭގައި ގެއްލިފައި ހުރި އާދައިގެ ގެއެއްގައި އުޅޭ އެކަނިވެރި ޒުވާނެއްގެ ގާތަށް އެރެއްގެ އަނދިރީގެ ތެރެއިން ރީތިރީތި ފެނުޕަރީއެއް އައިސް އޭނާ ދިއްކޮށްލި އަތުގައި ހިފީ… ފެންގަނޑުން މައްޗަށް ނެގިއިރު ދުނިޔެއިން އެފަދަ ރީތިކަމެއް އެ ޒުވާނާއަށް ފެނުނު ފުރަތަމަ ފަހަރު އެއީ… އެ ކުޑަކުޑަ ދޮން މޫނު ފެނި އެ ޒުވާނާގެ މުޅި ވުޖޫދު ހުޅުދާންވެގެން ދިޔަ. އެ ފުރަތަމަ ބައްދަލު ވުމަށްފަހު އެ ޕަރީ ލޮލަށް ގެއްލިގެން ދިޔައީ އެ ޒުވާނާގެ ހިތުގައި ރިހުމެއް އުފައްދާފައި… ތެދަށް ބުނަންޏާ އޭނާ ވަގުތު ގުނަމުން ދަނީ އެ ޕަރީއާ ބައްދަލުވާނޭ އިރަކަށް. އޭނާގެ ހިތުގައިވާ އެއްޗެއް ހާމަ ކުރެވޭނެ އިރަކަށް”
“ޒާލް… ދެޓްސް ސޯ ސުވީޓް… އަހަންނަށް އެނގޭ ޒާލް ތި ދައްކަނީ އަހަރުމެން ދެ މީހުން ފުރަތަމަ ބައްދަލުވީ ގޮތުގެ ވާހަކަކަން. އަހަރެން ހިތަށް އަރާ ކީއްވެބާއޭ އަހަންނަށް އަބަދު ޒާލްއާ މެދު ވިސްނެނީ”
“އެއީ އަހަރެން ވެސް ޔަލާއާ މެދު ވިސްނާތީ އެހެންވެ” ޒަލަފް ހީނލިއެވެ.
“ކީއްވެތަ ޒާލް އަހަންނާ ބައްދަލުކުރަން އެހާ ގިނަދުވަސް ނަގަނީ. ރަށުތެރޭގައި ޒާލް އުޅޭ ގޮތަށް އަހަންނާ ބައްދަލުކުރަން އަޔަސް ޒާލްގެ މަންމަމެންނަކަށް ނޭނގޭނެއެއްނު. އެހެންނޫނަސް އަހަރެންގެ ޢާއިލާއަކީ ގޯސްބައެއްނޫން. އަހަންނަކީ ގޯސްމީހެއްނޫން. ޒާލްއާ ބައްދަލުކުރަން ތިގެއަށް ދިޔަޔަސް އަހަރެން އެއްވެސް މީހެއްކައިރީ ނުބުނާނަން ޒާލްމެން އުޅެނީ ވަލުތެރޭގައި ހުރި ގެއެއްގައިކަން… ޒާލްގެ މަންމަ ނުރުހެނީ އެހެންވެއެއްނު. އަހަރެން ތި ޢާއިލާއާ ބެހޭގޮތުން ވާހަކަދައްކަފާނެތީ އެއްނު. އަހަރެން ނުބުނާނަން އެކަކު ކައިރީ ވެސް. އައި ޕްރޮމިސް” ޔަލާގެ ކެތްތެރިކަން ކުޑަވެފައިވާވަރު އޭނާގެ އަޑުން ޒަލަފްއަށް ނަގައިގަނެވުނެވެ.
“ޔަލާ… ޔަލާ… އުޑުމަތި ފެންނަ ހިސާބުގަތަ ތިހުރީ. ނިކަން ބަލާލަބަލަ… ހަނދު މިހާރު އެ ދަނީ ގެއްލެން. އެ ހަނދު އެނބުރި އަރާ އެންމެ ފުރިހަމަ ވާ ރެއަކީ އަހަރެން ޔަލާގެ ގާތުގައި ހުންނާނެ ރޭ. އެރޭ އަހަރެން އެނބުރި އަންނާނީ ޔަލާ ފޮނުވާލި އިރަކުން. އެހާތަނަށް އަހަންނަށް އިންތިޒާރުކުރޭ…” ޔަލާއާ ބައްދަލު ވާނޭ ވަގުތެއް ޒަލަފް ކަނޑައެޅިއެވެ.
ލޯ މަރާލައިގެން ސޯފާގައި އޮވެ ފޯނުން ވާހަކަދައްކަމުން ދިޔަ ޔަލާ މަސައްކަތް ކުރަމުން ދިޔައީ ޒަލަފްގެ ސޫރަ އޭނާގެ ޚިޔާލުގެ ލޯގަނޑުން ބެލުމަށެވެ. އެހެން އޮއްވާ އޭނާ ސިއްސުވާލީ ދޮރޯށި ދޮށުން އިވިގެން ދިޔަ ބާރު އަޑުފަށްގަނޑަކުންނެވެ. ފުންމައިގެން ތެދުވެވުނު ގޮތް ވެސް ޔަލާއަށް ނޭނގުނެވެ. އޭނާއަށް ފެނުނީ ގޯތިތެރެއަށް އަނދިރިކަން ވެރިވެފައި ވަނިކޮށެވެ. ސިޓިންރޫމުގެ ދޮރުން އެޅިފައިވާ އަލިފިޔަވާ އިތުރު އަލިކަމެއް ބޭރަކަށް ނުނިކުމެވެ. ގޯތިތެރެ އަލިކުރުމަށް ދިއްލާ ބޮކި ހުރީ ނުދިއްލާކަން ޔަލާ ހަނދާންވީ ދެނެވެ. އަވަސްއަވަހަށް ގަޑިއަށް ބަލާލިއިރު ހަތެއްޖަހަނީއެވެ. ވަގުތު ދިޔަ ގޮތް ވެސް ޔަލާއަށް ނޭނގުނީއެވެ. ހާސްވެފައި ހުރިއިރު އޭނާގެ ހިތުގެ ހިނގުން އަވަސްވެފައި ވެއެވެ.
“ޔަލާ… ޔަލާ… އަޑުއިވޭތަ ތިކޮޅަށް… ކޮންއަޑެއްތަ އެއީ” ޒަލަފްގެ އަޑު ޖެހުމާއެކު ޔަލާގެ ސަމާލުކަން އަލުން ފޯނަށް ދެވުނެވެ.
“ނޭނގެ… ޒާލް ފޯނުގައި ހުނައްޗޭ… ގޭގައި އެކަކު ވެސް ނެތް. ހަނދާންނެތި ބޭރުގައި ހުރި ބޮކި ނުދިއްލާ މި އޮވެވުނީ”
“ފޯނުގައޭ މި ހުރީ… ދެން ދޭ ބޮކި ދިއްލަން. ބިރުގެންފަ ދޯ ތި ހުރީ” ޒަލަފް ކުޑަކޮށް ހީނލިއެވެ.
“ނުގަނޭ… އެވާނީ ބުޅަލެއްކަމަށް” ޔަލާ ވެސް ގޮތްދޫނުކުރަން ބުނެލިއެވެ.
ސިޓިންރޫމުގެ ހުޅުވާފައި ހުރި ދޮރު ކުޑަކޮށް ދުރަށް ޖައްސާލުމަށްފަހު ސުވިޗުބޯޑުތަކުން ބޯޑެއްގައި ހުރި ދެ ސުވިޗެއް ޔަލާ ޖައްސާލިއެވެ. އެއާއެކު ގޯތިތެރެ މުޅިން އަލިވެގެން ދިޔައެވެ. ނަމަވެސް ދެވަނަ ފަހަރަށް ޔަލާ ސިހުނީ ދޮރޯށި ކައިރީ ފާރުމަތީ އޮތް ބުޅާ ފެނިފައެވެ. އެއް ފައި ފާރުމަތިން ގޭތެރެއަށް ވާގޮތަށް އެލުވާލައިގެން ބަލަހައްޓައިގެން އޮތީ ސީދާ ޔަލާއަށެވެ. ނުބައި އިހުސާސެއް ކުރެވިގެން ދިޔަ ޔަލާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އަދި ފޯނު ހިފަހައްޓައިގެން ހުރި އަތުގައި ފިރުމާލީ ގައިން ނަގައިގެން ދިޔަ ހީބިހީގެ ސަބަބުންނެވެ. ކަޅުކުލައިގައި އޮތް އެ ބުޅާގެ ގައިގާ ކެހެރި ހުރި ހެންނެއް ވެސް ހިޔެއްނުވެއެވެ. އެހެންނަމަވެސް ދެ ލޯ ބޮޑުކޮށްގެން އޮތް އިރު އޭތީގެ ދެ ލޮލުގައިވަނީ ރަތް ކުލައިގެ ވިދުވަރެކެވެ. ކަޅިޖަހާލުމެއްނެތި ބަލަމުން ދިޔައިރު ހީވަނީ އޭގެ ގަސްދަކީ ޔަލާ ބިރުގަންނަވާލުން ކަހަލައެވެ.
“ކިހިނެއްވީ އަނގައިން ނުބުނީ. އެބަހުރިންތަ ފޯނުގައި” ޔަލާ ނޭވާލާ އަޑު ފިޔަވައި އިތުރުއަޑެއް ނީވި ގިނައިރު ވާން ފެށުމުން ޒަލަފް ވާހަކަދެއްކިއެވެ.
“އަސްލު ވެސް ބުޅަލެއް… ކަޅުކަޅު އެއްޗެއް… މައި ގޯޑް…” ޔަލާ މިހެން ބުނަމުން ސިޓިންރޫމުގެ ދޮރު އަވަސް އަރުވާލާފައި ލައްޕާލިއެވެ.
“ބުޅާ ދެކެ ޔަލާ ބިރުގަނޭތަ؟” ޒަލަފް ސުވާލުކޮށްލިއެވެ.
“ބުޅާދެކެ ބިރުގަންނަނީއެއްނޫން. އެ ސޮރު ބަލަން އޮތް ގޮތުން ހީވަނީ ދެންމެ ދެންމެ ގަޔާ ދިމާއަށް ފުންމާލަފާނެހެން. އަނެއްކާ ފުލް ބްލެކްވީމަ އަހަންނަށް ކަމަކު ނުދޭ” ޔަލާ ބުނެލިއެވެ.
ސޯފާއަށް ދެފައި ނަގައި ވަށްކޮށްލައިގެން ޔަލާ އިންއިރު އޭނާއަށް ކުރެވުނު ބިރުވެރިކަމުގެ އިހުސާސް މުޅިން ފިލައި ހިނގައްޖެއެވެ. އެންމެފަހުން ފޯނު ބޭއްވީ އާދަޔާ ޚިލާފަށް ލުހާއާއި ޞާބިރާ ގެއަށް އައުން ލަސްވެއްޖެކަން ޔަލާއަށް ވިސްނިގެންނެވެ. އޭނާ ޒަލަފްގެ ފޯނުކޯލު ނިންމާލަފައި އެންމެ ފުރަތަމަ ވެސް ގުޅީ ލުހާއަށެވެ. އޭނާ ވީ ހިސާބެއް ބެލުމަށެވެ. ވަޒީފާގެ ޕްރޮބޭޝަން ދުވަސްތަކުގައި ލުހާ އޮފީހަށް ނުކުންނަން ޖެހެނީ ހެނދުނުއެވެ. ހަވީރަށް އޭނާގެ ޑިއުޓީ ނިމޭނެއެވެ. އެކަމަކު މިއަދު މާބޮޑަށް ވެސް ލަސްވެއްޖެއެވެ.
“އަޅޭ! ލުހާގެ ފޯނަށް ކީއްވެތަ ނުގުޅެނީ” ޔަލާ ކަންބޮޑުވާ ގޮތްވިއެވެ. ލުހާގެ ފޯނަށް ގުޅޭގޮތް ނުވުމުން ޞާބިރާގެ ފޯނަށް ގުޅަން ފެށިއެވެ. ޞާބިރާގެ ފޯނަކަށް ވެސް ނުގުޅުނެވެ. ދެންބެލީ ރައްޔާއަށް ގުޅޭތޯއެވެ. ހާސްކަން ކުޑަވެގެން ދިޔައީ ރައްޔާ ފޯނު ނެގީމައެވެ. އެއާއެކު އަވަސްއަވަހަށް ލުހާއާއި ޞާބިރާގެ ޚަބަރެއް ނުވެގެން އުޅޭކަން ރައްޔާއަށް ޔަލާ ކިޔައިދިނެވެ. އަދި ފާޑެއްގެ ބުޅަލެއް ދޮރޯށި ކައިރީ ފާރުމަތީ އޮތުމުން ބޭރަށް ނުކުންނަން ނުކެރިފައި ހުރި ވާހަކަ ވެސް ޔަލާ ބުންޏެވެ. އެއާއެކު ރައްޔާ ޚިޔާލު ދިނީ ގޭގައި މަޑުކުރުމަށެވެ. އޭނާ ވެސް ޞާބިރާއާއި ލުހާގެ ޚަބަރެއް ވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ. އަދި މިވަގުތު އެ ގެއަށް އާދެވެން ރައްޔާއަށް ނެތުމުން ސިތާރާއަށް ގުޅާފައި ޔަލާގެ ގާތަށް ފޮނުވާނަން ކަމުގައި ބުންޏެވެ.
ހާސްކަން ވެރިވެފައި އިންވަރުން ޔަލާއަށް އޭނާގެ އެއްފައި ތަޅުވާލަތަޅުވާލާ އިނދެވުނެވެ. ހުޅުވާފައި ހުރި ޓީވީއިން ދައްކަމުން ދިޔަ އިނގިރޭސި ޗެނެލު ދިވެހި ޗެނަލަކަށް ބަދަލުކޮށްލިއެވެ. އެއާއެކު މުޅި ގޭތެރޭގައި ފެތުރިގެން ދިޔައި ކީރިތިޤުރުއާނުގެ މޫރިތި އާޔަތްތައް ކިޔަވަމުން ދިޔަ އަޑެވެ. އިޝާ ނަމާދަށް ގޮވާ ދިޔައީއެވެ. އެއަޑާއިއެކު ޔަލާގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. އަދި ހަމައެހިނދު އޭނަގެ ހަނދާނަށް ވެރިވެގެން ދިޔައީ މަޤުރިބު ނަމާދު ނުކުރެވި ހުރިކަމެވެ. ހިތަށް ލިބިފައިވާ ނުތަނަވަސްކަމާއެކު މަތީގައި ހުރި ޔަލާގެ ކޮޓަރިއަށް ދާކަށް އޭނާއަކަށް ނުކެރުނެވެ. މުޅި ގޭގައި އެކަނިވެފައި ހުރުމުން އެ ހުސްކަން އޭނާއަށް އުނދަގޫ ކުރަނީއެވެ. ފޯނުގައި ބާރަށް ހިފަހައްޓާލައިގެން ހުރެ ޔަލާ އައިސް ވަނީ ޞާބިރާގެ ކޮޓަރިއަށެވެ. ފާޚާނާއަށް ވަދެ ވުޟޫކޮށްގެން ނުކުމެ ޞާބިރާގެ ނަމާދުކުރާ ސާމާނު ނެގިއެވެ. އަދި ޔަލާ ނަމާދުކޮށްލައިގެން އެ ކޮޓަރިން ނުކުތެވެ.
“ކާކު…” ޞާބިރާގެ ކޮޓަރިން ޔަލާ ނުކުންއިރު ސިޓިންރޫމު ދޮރުގައި މީހަކު ޓަކިޖަހާއަޑު އިވެމުންދިއުމުން އަވަހަށް އަހާލިއެވެ.
“އަހަންނޭ…” އިވިގެން ދިޔައީ ސިތާރާގެ އަޑެވެ. އެހެންނަމަވެސް ދޮރުހުޅުވަން ނުގޮސް ގަބުވެފައި ޔަލާ ހުރީއެވެ. އެހެން ހުރެފައި ކަމެއް ހަނދާންވެގެން އުޅޭ ފަދަ މީހަކު ހެން ދުވެފައި ޞާބިރާގެ ކޮޓަރިއަށް ވަނެވެ. އަދި އެނދުމަތީ އޮތް ޔަލާގެ ފޯނު ނަގައިން ނުކުތެވެ.
“ހެލޯ! ސިތާރައްތާ!”
“ޔާލް! މި ދޮރުހުޅުވަބަލަ… ކޮންއިރެއްތަ މިތާ ހުންނަތާ” ޔަލާ ފޯނުން ވާހަކަދެއްކުމާއެކު އޭނާ ކިޔާ އެއްޗެއް އަޑު ނާހާ ސިތާރާ ވާހަކަދެއްކިއެވެ. ހަމަޖެހުމުގެ ނޭވާއެއްލުމާއެކު ޔަލާ އައިސް އަވަހަށް ދޮރުހުޅުވިއެވެ. އެއާއެކު ސިތާރާ އެތެރެއަށް ވަނެވެ. ހަމަ އެވަގުތު ނުސީދާ ގޮތަކަށް ދޮރޯށި ކައިރީ ފާރުމަތި ޔަލާ ބަލާލިއެވެ. އެތަނަކުން އޭނާއަށް އެއްވެސް އެއްޗެއް ނުފެނުނެވެ. އެހެންވެ އަލުން ސިޓިންރޫމު ދޮރުލައްޕާކަށް ޔަލާ ގަސްދެއްނުކުރިއެވެ. އަދި ސިތާރާ ގާތުން ފާރުމަތީ އޮތް ބުޅާ ދުށިންތޯ އަހާކަށް ވެސް ޔަލާ ބޭނުމެއްނުވިއެވެ.
ގެއަށް އައިސް ވަން ޞާބިރާއާއި ލުހާ ފެނިފައި ސޯފާގައި ތިބި ސިތާރާއާއި ޔަލާއަށް ތެދުވެވުނީ އެކުއެކީގައެވެ. އަދި ދެ މީހުންނަށް ވެސް އެއްފަހަރާ ސުވާލުކޮށްލެވުނެވެ.
“ކިހިނެއްވެފައި ތިހުރީ”
“ސައިކަލުން ވެއްޓުނީ” ޞާބިރާ ބުނެލިއެވެ. އޭރު ލުހާގެ އަތް އޮތީ ބެންޑޭޖުކޮށްފައެވެ. މޫނުގެ ކޯތާފަތާ ދިމާއިން މަށައިގެން ގޮސް ލޭކުލަ ފާޅުވެފައި ހުއްޓެވެ. އޭނާ ގޮވައިގެން ސޯފާގެ ކައިރިއަށް ޞާބިރާ އައީ އަތުލަފިކޮށްގެންނެވެ. ލުހާ އައީ ކޮރު ޖަހަމުން ކަހަލަ ގޮތަކަށެވެ.
“ކީއްވެ ސައިކަލުން ވެއްޓުނީ… އެކަމަކު ހާދަވަރެކޭ ތިއޮތީ ވެފައި. ކީކޭ ޑޮކްޓަރު ބުނީ” ސިތާރާ ވެސް ލުހާގެ ގާތަށް ލެފި އޭނާއަށް އެހާވަމުން ބުނެލިއެވެ.
“ނަސީބަކުން ބޮޑުވަރެއްނުވޭ. ތިގޭ ދަޔާން ވެސް ހުރީ މި ހާލުގައި… މިއައީ އޭނާ ވެސް ގެއަށް ލާފައި” ޞާބިރާ ބުނެލިއެވެ
“ދަޔާންގެ ސައިކަލުންތަ ވެއްޓުނީ… އަހަރެން އަބަދުވެސް ބުނަން އޭނަ ކައިރީ ބުނަން ބާރަށް ނުދުއްވާށޭ. ދެރަކަމެއް ވެދާނެއޭ… މިއަދު މިއޮތީ އެތަން ފެނިފައެއްނު.. އޭނާއާ ހެދި ލުހާއަށް ވެސް ކިހާ ދެރަ” މިހެންބުނެ ސިތާރާ ތެދުވަން އުޅެންފެށުމުން އޭނާގެ އަތުގައި ލުހާ ހިފެހެއްޓިއެވެ.
“ދަޔާން ދުއްވީ ވަރަށް ބަލައިގެން. ކުއްލިއަކަށް ސައިކަލު ކުރިމައްޗަށް ބުޅަލެއް އެރީ. އެ ސޮރު ގައިގާ ޖެހިދާނެތީ އުޅެން ހަދައިގެން ދެ މީހުން ވެއްޓުނީ” ލުހާ މިހެން ބުނުމާއެކު ޔަލާގެ މެޔަށް ނުބައި ގޮތެއްވެގެން ދިޔައެވެ. ކުއްލިއަކަށް ދޮރާ ދިމާއަށް ބަލާލެވުނެވެ. ހަނދާނަށް އައީ ފާރުމަތީގައި އޮތް ކަޅު ބުޅަލެވެ. އެހެންނަމަވެސް އޭނާއަށް އެވަގުތު އެ ވީގޮތް ފޮރުވާލަން މަސައްކަތް ކުރިއެވެ.
“ކޮޓަރިއަށް ގޮސް އަރާމުކޮށްލަން މަންމައަށް ފެންނަނީ. ބޭސް ވެސް އެބަހުއްޓެއްނު ކާންޖެހޭ” ޞާބިރާ ބުނެލިއެވެ. އެއާއެކު ލުހާ މަޑުމަޑުން ބޯޖަހާލިއެވެ.
“ކަމެއްވާން ހުރިއްޔާ އެކަމެއްވާނެ… ކިތަންމެހާ ވެސް ދެރަ. ލުހާ ބުނިހެން ދަޔާންގެ ކުށެއް ވެސް ނޫން އެއީ” ލުހާ ގެންގޮސް ކޮޓަރިއަށް ލާފައި ނުކުމެ ޞާބިރާ ބުނެލިއެވެ. އޭރު ޔަލާ އައިސް ލުހާގެ ކޮޓަރިއަށް ވަންނަނީއެވެ.
* * * *
“ކޮން ޚިޔާލެއްގައި” އެނދުގައި އޮތް ޒަލީފުގެ ގާތުގައި އަރީޝާ އަހާލިއެވެ.
“މަންމާ. އަހަރެން ވަޒީފާއަކަށް ދިއުން ކިހިނެއްވާނެ” އެނދުގެ މަގަތުގައި އަރީޝާ އައިސް އިށީނުމުން ޒަލީފު ތެދުވެ ފާރުގައި ލެނގިލައިގެން އިށީނެވެ. އަރީޝާއާ ކުރިމަތިވާ ގޮތަށެވެ.
“ތިޔައިގެ ދެބެންނަށް ކޮންކޮން ބަދަލުތަކެއްތަ މިއަންނަނީ” އަރީޝާ ހައިރާންވެފައި ބުނެލިއެވެ.
“ބައްޕައަށް އެކަނި ލިބޭ އެއްޗަކުން ކިރިޔާއެއްނު މި އުޅެވެނީ. އަނެއްކާ އަހަރެން މަސައްކަތެއް ނުކޮށް މަންމައާއި ބައްޕަ އަތުން ފައިސާ ހޯދައިގެން އުޅެންވީމާ ހީވަނީ ހަރުދަނާކަމެއްނެތް ބޭކާރު މީހެއްހެން. އަހަންނާއި ބައްޕައާ ދެ މީހުން މަސައްކަތް ކުރީމާ ލިބޭވަރު އިތުރުވާނެއެއްނު. އޭރުން ގޭގެ ބައެއް ކަންކަން ވެސް ކުރެވޭނެއެއްނު. މިހާރު ބޭނުންކުރާ ޖަނަރޭޓަރު ވެސް އެ ހެރީ ވަރަށް ބާވެފައި. ދޭތެރެ ދޭތެރެއިން އޭތި ހަދައިގެން މި ބޭނުންކުރަނީ. އެވެސް ވަރަށް ބައިވަރު ރުފިޔާއެއްނު… ވަޒީފާ ނިމޭއިރަށް އެނބުރި ގެއަކައްނު އަންނާނީ…” ޒާލިފު ވާހަކަދައްކަމުން ދިޔައީ ލަސްލަހުންނެވެ. އަރީޝާގެ މޫނުގެ ކުލަވަރަށް ބަލަމުންނެވެ.
“ތި ދެއްކީ ދޮގުވާހަކަތަކެއްނޫން. އެކަމަކު ތިކަމާ އެއްޗެއް ބުނަން އެނގޭނީ ބައްޕައާ ވާހަކަދައްކާފައި. ޒާލް… ތި ވާހަކަ ގޭތެރޭގައި ނުދައްކާތި” އިސްޖަހާލައިގެން ވިސްނަން އިނދެފައި އަރީޝާ ބުނެލިއެވެ.
ހަޤީޤަތުގައި އަރީޝާއަށް ވެސް އޭނާގެ ދިރިއުޅުމަކީ ދަތި ދިރިއުޅުމެއްކަން އެނގެއެވެ. ކެއުމުގެ ކަންކަމުގައި ދަތިކަން އިހުސާސް ނުވަނީ އޭނާ ގޭގައި ހައްދާ ތަފާތު ގަސްތަކުގެ ސަބަބުންނެވެ. ނަމަވެސް ދިރިއުޅުމަށް ބޭނުންވާ އެހެނިހެން ކަންކަމަށް ފައިސާ ބޭނުންވެއެވެ. ޚިދުމަތްތަކުގެ އަގު ބޮޑުވެފައިވާއިރު އޭނާގެ ދެ ދަރިން ދުވަހަކު ވެސް ބަލިނުވުމަކީ އޭނައަށް ލިބިފައިވާ ނިޢުމަތެއް ކަމުގައި އަރީޝާ ޤަބޫލުކުރެއެވެ. އެހެންނޫންނަމަ އެ ފަދަ ޚަރަދުކުރާނޭހާ ފެންވަރެއް އޭނާއާއި އަބުދުއްރާޢުފުގެ ނުހުންނާނެއެވެ. އަބްދުއްރަޢޫފަކީ ވެސް ދާއިމީ ވަޒީފާއެއް އަދާކުރާ މީހެއްނޫން ވިއްޔާއެވެ. އޭނާއަށް ފައިސާ ލިބޭ އޮންނަނީ އެންމެ މަގެކެވެ. އެއީ ފަންޑިތަވެރި ކަންކަން މީހުންނަށް ރަނގަޅުކޮށްދީގެން އެ ލިބޭ އެއްޗެކެވެ. ޒުވާންވެފައި ތިބި ދެ ފިރިހެން ދަރިން ތިބިއިރު އެ ކުދިންނަކީ ބޭކާރު ބަޔަކަށްވާކަށް އަރީޝާ ވެސް ނޭދެއެވެ. އެ މީހުންނަކީ ހަރުދަނާ ޒުވާނުން ކަމުގައިވާން އޭނާ އެދެއެވެ. އުފާވެރި ދިރިއުޅުމަކާއި ދަރިންގެ މުސްތަޤުބަލް އުޖާލާ ކުރުމުގެ ހުވަފެންތަށް ދުށް ނަމަވެސް އެ ހުރިހާ ކަމެއްވީ ބިލާހަކަށެވެ. އަރީޝާގެ ދިރިއުޅުން އެފުށްމިފުށަށް ޖެހިގެން ދިއުމުންނެވެ.
ރޭގަނޑުގެ ކެއުމަށްފަހު ޒަލަފް ނުކުތީ ގޯތިތެރެއަށެވެ. އޭނާއަށް ބަލަހައްޓައިގެން ދޮރުކަނީގައި ލެނގިލައިގެން ޒާލިފު ހުއްޓެވެ. އަބުއްރަޢޫފާއެކު އަރީޝާ ވަނީ ކޮޓަރިއަށެވެ. އަދި ޒާލިފު އެދޭގޮތް އަބުދުއްރަޢޫފުގެ ގާތުގައި އަރީޝާ ހާމަކުރިއެވެ. އެއާއެކު ވަރަށް ވިސްނަން އޮވެފައި އަބްދުއްރަޢޫފު ވާހަކަދެއްކިއެވެ.
“އަރީޝާ ތިހާ ވަރަށް އެދޭކަމަށްވަންޏާ އަހަންނަށް ނޫނެކޭ ބުނާކަށް ނުކެރޭނެ… އެހެންވިޔަސް އެކަން ޒަލަފްއަށް އެނގިގެން ނުވާނެ. އެގޮތުގެ މަތިން އަހަންނަށް އެއްބަސްވެވިދާނެ. އެ މީހުން ބޭނުންވަނީ ޒާލިފެއްނޫން. އެކަމަކު އެ މީހުންގެ ފަރާތުން ނޫނަސް ކަމެއް އަތުވެދާނެކަމަށް އަހަރެން ކަމެއް ކުރާނަން. އެއަށްފަހު ޒާލިފު އެގޮތަށް ރަށުތެރެއަށް ދޫކޮށްލެވޭނީ”
ރީތި ރާގެއް ތުނބުން ފުމެމުން ދިޔަ ޒަލަފް އިނީ މަސްފެންގަނޑު ކައިރީގައެވެ. ފެންގަނޑުގައި ފޮޅިފައި އިން ނީލޯފަރު މަލުގެ ފަތުގައި ހިފާ ކައިރިއަށް ދަމާލިއެވެ. އަދި އޭގެ ފިޔަތަކަށް ނަޒަރު ހުއްޓާލައިގެން އިން އިރު ޒަލަފްގެ ތުންފަތުގައި މަޢުނަވީ ހިނިތުންވުމެއް ވިއެވެ. ފެންގަނޑުގައި ހިންގާލި އަތްތިލަ މައްޗަށް ހިއްލާލުމާއެކު އިނގިލިތަކުގެ ކުރިން ފައިބެގެން ދިޔަ ފެންތިކިތައް ނީލޯފަރު މަލުގެ ކަރުގަނޑުގައި ޖަމާވެލިއެވެ. ހަމައެހިނދު އަތްތިލާގައި ހަރުލާފައި ދެން ހުރި ފެންތައް ވެސް ކޮށްލި ކުޑަކުޑަ އިޝާރާތާއެކު ފޮޅާލީ މަލުގެ ނާޒުކު ފިޔަތަކާ ދިމާއަށެވެ. އެއާއެކު ފިޔަތަކުގައި ޝަބްނަމުގެ ވިދުން ފާޅުވެގެން ދިޔަ ކަހަލައެވެ. ޒަލަފްގެ ތުންފަތުގައިވި ހިނިތުންވުން ފުންވެގެން ދިޔައިރު ހީވަނީ އަމިއްލަ ހިތް ލާނެތް ސަމާސާއެއް ކޮށްލީ ހެންނެވެ. މަސްފެންގަނޑުގެ ކައިރީ ކުރު އަތް މައްޗަށް އޮށޯވެލިއެވެ. އަދި ޒަލަފްގެ އަތަށް ފެންގަނޑުގެ ތެރެއިން ތިލަވެގަތް މަސްތަކާ ކުޅެލިއެވެ. މަޑުމަޑުން އުޑުތިލަ މައްޗަށް ބޯދަށް ދެއަތް ލައްވާލައިގެން ޒަލަފް ހަމަޖެހިލިއެވެ. ވަށައިގެންވާ އަނދިރިކަމުގެ ތެރެއިން އުޑުގައިވާ ތަރިތައް ފާޅުކަން ބޮޑެވެ. އެ ހުރިހާ ތަރިތަކުގެ ތެރެއިން ވެސް ވަކިން ވިދުން ގަދަ ތަރިއެއް ޒަލަފްގެ ސަމާލުކަން ހޯދިއެވެ.
ޒަލަފްގެ ހިތުގައިވާ ޖަޒުބާތުތައް ސިކުނޑިއަށް ވެރިވެގެން ދިޔަ ހިނދު އޭނާގެ ލޯ ކުރިމަތިން ސިފަވެގެން ދިޔައީ ޔަލާއެވެ. ހާމައަށް އޮތް އުޑާ އެ ހިތް ސުވާލުކުރިއެވެ. އޭނާގެ ހިތުގެ ވެރިޔާ ކޮބާ ހެއްޔެވެ. ޖެހިލާ ތެތްފިނި މަޑު ވައިރޯޅި ޔަލާގެ ފިޔަވަޅުގެ އަޑު ޒަލަފްގެ ކަންފަތާ ހަމައަށް ގެނެސްދެއެވެ. އެހެންވިޔަސް ޔަލާއެއް ނުފެނުނެވެ. މުޅި ކައުނު ހޯދަންވީ ހެއްޔެވެ. އާނއެކެވެ. އެ ހިތުގައިވާ ރާނީއާ ބައްދަލުވާން ޒަލަފް ވަނީ ކެތްމަދުވެފައެވެ. އެ ވަގުތުކޮޅަށް ކެތްމަދުވެފައެވެ. އެއީ އެ ދެހިތް ބައްދަލުވާނޭ ވަގުތެވެ. އެ ދެ ބައިވެރިންނަށްޓަކައި ވަގުތު މަޑުޖެހިފައިވާނޭ ހިނދުކޮޅެވެ. މެރިގެން ދިޔަ ޒަލަފްގެ ދެ ލޮލާއެކު އޭނާގެ ހިތް ގޮވާލިއެވެ. ހުވަފެނުގެ ތެރެއިން ނުކުމެގެން އޭނާގެ ކުރިމައްޗަށް ޔަލާ ހަމަ އެވަގުތު އަންނާނެ ނަމައެވެ. ޒަލަފްގެ ލޮލާ ލޯ އަމާޒުކޮށްލުމާއެކު އެ ދެލޯ ހިތުގެ ހުރިހާ ވާހަކައެއް ބޭޒާރު ކުރަން ފުރުޞަތު އޭނާ ދޭނެއެވެ.
“ލޯބިވޭ…” ހަރަކާތްކޮށްލި ދެ ތުންފަތުން ނުކުތީ ވައިއަޑެވެ. ސިއްރުސިއްރުން ހާމަކުރަން ޒަލަފް ބޭނުންވި ފަދައެވެ.
* * * *
“ކީއްވެތަ ތިހާ މަޑުމަޑުން ތި ވާހަކަދައްކަނީ” އެނދުގައި އޮތް ލުހާ ބުނެލިއެވެ. އޭރު އޭނާއާ ޖެހިގެން ޔަލާ އޮތެވެ.
“މަންމައަށް އިވިދާނެތީ… ސީރިއަސްކޮށް ހާދަ ކްރީޕީ ކެޓްއެކޭ އެއީ… އަނެއްކާ ލުހާ ވެސް ތިބުނީ ކެޓްއެއްގެ ސަބަބުންނޭ ސައިކަލުން ވެއްޓުނީ. އިޒް އިޓް ބޭޑް ލަކްތަ؟” ފިކުރުބޮޑުވެފައި ޔަލާ އަހާލިއެވެ.
“އެއީ ބޯދާ ޚިޔާލު. ޔާލް ވެސް ދޯ… ދަޔާން ވެސް ސަކަރާތްޖަހަން ހަދައިގެންނޭ ބުޅަލުން ނައްޓާލަން އުޅުނުއިރު ކޮންޓްރޯލުނުވީ” ލުހާ ބުނެލިއެވެ. އޭނާ ކުޑަކޮށް ވެސް ޔަލާ ދައްކާ ވާހަކައާ މެދު ފުންކޮށް ވިސްނާލަން ބޭނުމެއްނުވިއެވެ. ކޮންމެ ކަމަކީ ރޫޙާނީ ކަންކަމާ ގުޅިފައި ހުންނަ ކަންތައް ކަމުގައި ލުހާ ޤަބޫލެއް ނުކުރެއެވެ. އަނެއްކޮޅުން އެހެން ވިސްނަން ފަށައިފިއްޔާ ހިތަށް ވަންނަ ބިރުވެރިކަން މާބޮޑުވާނެއެވެ. ބޭކާރު ވަހުމުތައް އުފެދި ނަފްސު ބަލިކަށިވާން ފަށާފާނެއެވެ. އޭރުން ހަމަޖެހުން ގެއްލޭކަށް ލަހެއްފަހެއް ނޯންނާނެއެވެ.
“އަހަރެން މިރޭ ނިދާނީ މި ކޮޓަރީގައި. އޯކޭތަ” ޔަލާ ބުނެލިއެވެ.
“ތި ވަރަށް ބިރުގަންނާކަށް ނުވާނެ. ކޮންއިރަކުތަ ޔާލް ތިހާ ފިނޑިވީ”
“އެހެނެއްނޫނޭ. އޭތި ފެނިފައި ކްރީޕްއައުޓް ވީ ވަރުން ގޮސް ގޫޒްބަމްޕްސް ވެސް ނެގި… އަދި ހިޔެއްނުވޭ ކެހެރި ހުރި ހެންނެއް ވެސް… ޔަކް…. ނިދީމަ ބިރުވެރި ހުވަފެން ފެންނާނެކަން ޔަޤީން… މިރޭ އަރާމުކޮށް ނިދާލެވޭނީ ލޫ ކައިރީ. ޕްލީޒް” މޫނަށް ވައްތަރުތައް ޖައްސަމުން ޔަލާ ބުނެލިއެވެ. އެތަން ފެނި ލުހާ ހީނގަތެވެ.
“މިހާރު ތި ދެމީހުން ރައްޓެހިވީ ދޯ” އިރުކޮޅަކު އޮވެފައި ޔަލާ އަހާލިއެވެ.
“އެ ވާހަކައެއްނު ޔާލް ގާތު ބުނަން އުޅުނީ…. އެކަމަކު މިހާރަކަށް އައިސް ޔާލް މާ ބިޒީ ވިއްޔާ… ޒާލްއަކާ ހެދި ތި އަތުން ފޯނު ދޫނުވޭ…. އަދި އެއީ މާ ހެއްވާ މީހެއް. ފެންނައިރަށް ދުވެފިލިއިރު ހީވަނީ އަހަރުމެން އޭނާ ކާލަފާނެތީ އުޅުނުހެން…” ލުހާ ބުނެލިއެވެ.
“ލޫ… އަހަންނަށް… އަހަންނަށް ހީވަނީ ޒާލްދެކެ އަހަންނަށް ލޯބިވެވިއްޖެހެން”
“ސީރިއަސް ވާހަކައެއްތަ ތީ…” ލުހާ މޫނު އަނބުރާލީ ޔަލާގެ ބަހުގެ ތެދުކަން އެ މޫނުމަތިން ހޯދުމަށެވެ.
“ހަމަ ވަރަށް ސީރިއަސް… ނޭނގެ ކީއްވެ ކަމެއް… ޒާލްއާ ހެދި އަހަރެން މޮޔަވާގޮތް ވެއްޖެ…” ޔަލާގެ ދެ ލޯ އެކަމަށް ހެކިދެމުން ދިޔައެވެ.
“މާ ބޮޑަށް މޮޔަނުވައްޗޭ. އޭރުން އަހަރުމެންނަށް ޔާލް ގެއްލިދާނެ” ލުހާ ސަމާސާ ކޮށްލިއެވެ.
“ދެން ލޫ… އަހަރެން ވެސް ދަޔާންއާއި ލުހާގެ ފީލިންގްސްއާ މެދު ޖޯކެއް ނުޖަހަން ދޯ” ޔަލާ ތުން ހަދާލިއެވެ.
“ސޮރީ ޑިއަރ… އެކަމަކު ޒާލް އެ ދުވަހު ކަންތައް ކުރި ގޮތް އަސްލު ވެސް ވަރަށް ވިއާޑް އިނގޭ. އޭނާ ލޯބިވެޔޭ ނުބުނަނީސް ޔާލް ނުވާނެ އެކަހަލަ އެއްވެސް އެއްޗެއް ބުނެގެން. ދަޔާން ވެސް މިހާރު މަސައްކަތެއް ނުކުރޭ އަހަންނާ ރައްޓެހިވެގެން އުޅޭކަން ސިއްރުކުރާކަށް. ހަޤީޤީ ލޯބިވަންޏާ މީހަކަށް އެކަން އެނގިދާނެތީ ބިރަކުން ނޫޅޭނެ”
“ލުހާ. ޒާލް އަދި އެކަހަލަ ވާހަކައެއް ސީދާ ނުބުނޭ. އެކަމަކު އޭނާ ވާހަކަދައްކާ ގޮތުން ހީވަނީ އޭނާ ވެސް އަހަރެން ދެކެ ވަރަށް ބޮޑަށް ލައިކްވާހެން. ބުނި ވަރަށް އަވަހަށް މީޓުކުރާނަމޭ. އެ ދުވަހު އޭނާ ފިލީއަކީ ނޫނޭ… ލުހާ ހުރީމަ އަހަންނާ ބައްދަލުކުރަން ނުކެރުނީ. ޒާލްއަކީ އެހާ ގޯސް މީހެއްނޫން… އޭނާ އެހާ ރީތި އިރު ވެސް އެއްގޮތަކަށް ވެސް ނުހުރޭ ބޮޑާގޮތެއް”
“ހޫން! ހޫން! ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ” ލުހާ ދިމާކޮށްލިއެވެ.
“އެހެނެއްނޫނޭ. އަހަންނަށް ވެސް އެނގޭނެ ދޯ ރަނގަޅު މީހަކު ފެނިއްޖެއްޔާ. މި ހުރިހާ ދުވަހު ކިޔެވުމުގައި އުޅުނުއިރު އެތައް ޒުވާނުންނަކާ ދިމާވި. ނަމަވެސް ޒާލްހާ ސްޕެޝަލްއެއް އެކަކު ވެސް ނުވޭ. މި ނޫނީ ދުވަހަކު ވެސް ޕާޓްނަރއެއް ހޯދާކަށް ހިތަކަށް ނާރާ” ފޮނި އުންމީދުތަކެއް ޔަލާގެ ލޮލުން ވިދަމުން ދިޔައެވެ.
ދެބެން ވާހަކައިގައި ތިއްބާ ކޮޓަރީގެ ދޮރު ހުޅުވާލީ ޞާބިރާއެވެ. އޭނާ ވަދެގެން އައިއިރު މޮޑެފައި ސަމްސާލާފައި އޮތް ބަތްތަށްޓެއް އެއްއަތުން ހިފަހައްޓާލައިގެން އަނެއްއަތުގައި ފެންތަށްޓެއް އޮތެވެ. އެ އައިގޮތަށް ލުހާގެ މަގަތުން އެނދުގައި އިށީނދެއްޖެއެވެ. އަދި އެނދުގެ އަރިމަތީ ކަބަޑުގައި ފެންތަށި ބަހައްޓާލިއެވެ.
“އަޅެ އަހަރެން ވެސް ބޭނުން މަންމަ އަތުން މޮޑެގެން ކާން” އެނދުގައި އޮވެފައި ތެދުވިގޮތަށް ޅަވެލާފައި ޔަލާ ބުނެލިއެވެ.
“އަހަރެންގެ އަތަށް ތަދުވެފައޭ މިއޮތީ، އެހެންނޫނަސް އަހަރެންމީ ގޭގެ އެންމެ ކުޑަކުއްޖާ” ލުހާ ފޮނިވެލިއެވެ. ދެބެންގެ މި ސަކަރާތުން ޞާބިރާގެ ގާތަށް ހިނިއައެވެ.
“ތީ އެވަރަކުން ވާދަކިޔަންވާ ވަރު ކަމެއްނޫނެއްނު. ޔާލްއަށް ވެސް ބަތްމޮޑެދީފާނަމޭ. އެކަމަކު ކޮޓަރީގައި ކައިގެން ނުވާނެ. މަންމައާއެކު ބަދިގެ ފަރާތަށް ދާންވާނީ. ރައްޔާ ގުޅި ދަރިފުޅުގެ ފޯނުން އެކަކަށް ވެސް ނުގުޅިގެން އުޅޭތީ. ސިތާރައްތަ ވެސް ބުނި ޔަލާ ބިރުން ހުރި ވަރުން ރައްޔާ ފޮނުވައިގެންނޭ ގެއަށް އައީ…”
“އަހަރެން ހަނދާންނެތި ބޭރު ނުދިއްލާ ސޯފާގައި އޮވެވުނީ. ހަނދާންވީ އަޑުފަށްގަނޑެއް އިވިގެން. ބޮކި ދިއްލާލިއިރު ފާރުމަތީ އޮތީ ބޮޑު ބުޅަލެއް. އެ ސޮރު ގެއަށް ވަދެދާނެތީ ބިރުގަތީ. ފަހުން ސިތާރައްތަ އައިރު އޭތި ހިނގައްޖެ” ޔަލާ އޮޅުން ފިލުވައިދިނެވެ.
“މަދުން ނަމަވެސް ބުޅާ ގޭގެއަށް ވަދެހަދާ… އެ ވާނީ އަނދިރިވީމަ އައި އެއްޗެއްކަމަށް. ލުހާ ކެއީމަ ތަށި ހިފައިގެން ބަދިގެއަށް ދަރިފުޅު އާދޭ އިނގޭ. މަންމަ މިދަނީ ޔަލާއަށް ކާން ތައްޔާރުކުރަން” ޔަލާގެ އަތަށް ދިއްކޮށްލި ބަތްތަށިގައި ހިފުމުން ޞާބިރާ ތެދުވެގެން ހިނގައިގަތީ އެ ކޮޓަރިން ނުކުތުމަށެވެ.
ރޭގަނޑުގެ ކެއުމަށްފަހު ބަދިގެތެރެ ހަމައަކަށް އެޅުވުމަށް ޞާބިރާއަށް ޔަލާ އެހީތެރިވެދިނެވެ. އެގޮތުން ހުރިހާ ތަށިތަކެއް ދޮވެ ތުވާލިކޮޅުން ފުހެފައި ކަބަޑަށް ލިއެވެ. އަދި ޞާބިރާގެ ގާތުގައި ޔަލާ މިރޭ ނިދާނީ ލުހާގެ ގާތުގައި ކަމަށް ބުންޏެވެ. އެކަމާ ޞާބިރާ އެއްވެސް ސުވާލެއް ނުކުރެއެވެ. އޭނާއަށް ވިސްނުނީ ލުހާ އޮތް ހާލުން އޭނާ އެކަނި ބާއްވަން ޔަލާ ބޭނުންނުވަނީ ކަމަށެވެ. ސުވާލެއް ނުކުރީ އެހެންވެއެވެ. ސިޓިންރޫމުގައި ޞާބިރާ މަޑުކޮށްލީ ނިދަން ވަނުމުގެ ކުރިން ޓީވީ ބަލާލުމަށެވެ. ލުހާ އޮތީ ކޮޓަރީގައި އެކަނިކަމަށް ވީމަ ޔަލާ މަޑުކުރުމެއްނެތި އޭނާގެ ކޮޓަރިއަށް ގޮސް ނިދާ އެއްޗެހި ލައިގެން އޭނާއަށް އެންމެ އަރާމު ބާލީސް ކިހިލީގައި ޖަހާލައިގެން އައިސް ލުހާގެ ކޮޓަރިއަށް ވަނެވެ.
“މިދެން ކަންތަކާ ޖެހުނީ” ޔަލާ ފޫހި ރާގެއްގައި މިހެން ބުނެލުމާއެކު ލުހާއަށް ދެން ފެނުނީ ފޯނުގެ އިސްކުރީނު ނިއްވާލާފައި ބާލީސް ދަށަށް ފޯނުލީތަނެވެ.
“ކިހިނެއްވީ؟” ލުހާއަށް ސުވާލުކޮށްލެވުނެވެ.
“ހޮސްޕިޓަލް ތެރޭގައި މިހާރު އުޅެން އުނދަގޫ. ޑޮކްޓަރުންނަށްވުރެ އެ އުޅޭ ނަރުހުންގެ ކަންތައް އަދި މާބޮޑު…” ޔަލާ ދަތްކުނޑި ވިކާލިއެވެ.
“ޔާލްއާ ޖައްސާލީތަ؟” ލުހާއަށް ހީވި އެއްޗެއް ބުނެލިއެވެ.
“ޖައްސާލި ނަމަވެސް އިގްނޯކޮށްލާފައި އުޅެވުނީސް، އެއަށްވުރެ މާބޮޑުކަމެއް ވެގެން މިއުޅެނީ. ރީހާން ހުންނަނީ ފާޑަކަށް އަހަންނާ އަޅައިގަނެފައި. ހީ އިޒް ވެރީ ސްމާޓް… ވެރީ ހެންޑްސަމް… އެކަމަކު އަހަރެންގެ ހިތް އޭނާއަށް ނުކިޔަންޏާ ދެން ކިހިނެއްތަ އެކަމެއް ކުރާނީ. އެންމެ ބޮޑު މީހާ ވެސް އަހަރުމެން ދެމީހުން އަޅުވާ ކިޔަނީ… އެމީހުން އެހެންކަންތައް ކުރީމަ ރީހާންގެ ހިތް ވެސް ބަދަލުވާނީ. އަހަރެން ބޭނުމެއްނޫން ރީހާންގެ ފަރާތުން އެފަދަ ކަމެއް ފެންނާކަށް. ލުހާއަށް ވެސް އެނގޭނެ… ބޮސް ޕްރޮޕޯސްކުރުމުން އެކަމަށް ނޫނެކޭ ބުނެފިއްޔާ ދެން ވާނޭގޮތް… ކިހާ އޯކްވަރޑްވާނެ އެއްތަނެއްގައި މަސައްކަތްކުރަން” ޔަލާ ހިތުގައިވާ ނުތަނަވަސްކަން ބޭރުކޮށްލިއެވެ.
“އަދި އެހާ އަވަސްއަރުވާލާފައި ގޮތެއް ނިންމަން ނޫޅެބަލަ… ޒާލްގެ ގޮތެއް ވެސް އެނގެނީއެއްނޫނެއްނު. ޔާލް ލޯބިވިޔަސް އޭނާ ލޯބިވާކަން އެނގިގެންތާ ތި ދެމީހުންނަށް ގުޅެވޭނީ. ރީހާންއަކީ ވެސް ނުލާހިކު ސްމާޓް މީހެއް. އެހެންވީމަ ޒާލް ނެތްތަނުގައި އޭނާގެ އޮފާ ޤަބޫލުކުރުމުން ކޮބާ މައްސަލައަކީ” ލުހާ އޭނާގެ ޚިޔާލު ހާމަކުރިއެވެ. ނަމަވެސް އެ ޚިޔާލު ޔަލާއަށް ކަމަކު ނުދިޔައެވެ. އޭނާ ޤަބޫލުކުރާގޮތުގައި ޒާލަފްދެކެ އޭނާއަށް ވަނީ ވަރަށް ބޮޑަށް ލޯބިވެވިފައެވެ. ވީއިރު ޒަލަފްގެ މަތިން ހަނދާންނައްތާލުމަކީ އޭނާއަށް ކުރަން ފަސޭހަކަމަކަށް ނުވާނެއެވެ. ދެން އޮތީ އެންމެ ގޮތެކެވެ. ޔަލާއާ ބައްދަލުކުރަން ޒަލަފް އަންނަން ދެން އޭނާއަށް އިންތިޒާރު ކުރުމެވެ.
“ޒާލްއަށް ވުރެ ރީހާން މުއްސަންޖެއް ނޫންތަ. އަނެއްކޮޅުން ވަޒީފާއަކަށް ވެސް ދާ މީހެއް ނޫންހެން ހީވަނީ. ޔާލްއަށް އޭނާގެ ސިފަ ރީތިވެގެންތަ ލޯބިވެވުނީ. އޭނާއާއެކު މެރީޑް ލައިފެއް އުޅޭން ވިސްނަންތަ؟ އެހެންވެއްޖެއްޔާ އޭނާއަށް ޔާލް ބެލޭނެތަ” ލުހާ ވިސްނަން އޮވެފައި މަޑުމަޑުން ވާހަކަދައްކަންފެށީ ސިކުނޑީގެ ފިކުރުތަކަށް ގެއްލި އޮވެއެވެ.
“އަހަރެން މަސައްކަތް ކުރަމެއްނު. ކިޔަވައިގެންނު މިހިރީ. އަނެއްކާ މިގޭގައި އަހަރެން މީހަކާ އިނދެގެން އުޅުނަސް މަންމަ ދެކޮޅެއް ނުހަދާނެ. ވަންޏާ ވާނީ އުފާ… މަންމައާ ދުރަށް ނުދާތީ… ނޫންތަ؟ އަހަންނަށް އެނގޭ ޒާލްއާއި އޭނާގެ ޢާއިލާއަކީ އެހާ ތަނަވަސް ބައެއްނޫންކަން. އެކަމަކު އެމީހުންގެ ފެންވަރުން އެ މީހުން ވެސް އުޅެނީ ވަރަށް އުފަލުން. ތެދަށް ބުނަންޏާ އެ ކުޑަކުޑަ ގެ ވަރަށް ހިތްގައިމު… އީކޯ ފްރެންޑްލީ… ރިލެކްސިންގެ ހޭވަންއެއް… ގިނަ ބަޔަކު ވެސް އުޅެނީއެއްނޫން. ޒާލްއާއި އޭނާގެ މަންމައާއި ބައްޕަ… އަހަރެން ނުދެކެން އޭނާގެ ބައްޕައެއް. އެކަމަކު ހީވަނީ ޒާލްގެ އެ ހިޓްލަރު މަންމައަށް ވުރެ ރަނގަޅުވާނެހެން… އަހަންނާއި ޒާލް ގުޅެން ހުރަސް އަޅާނޭ ހެންނެއް ހިޔެއްނުވޭ… ކޮންމެ ގޮތެއް ވިޔަސް އަހަރެންގެ އުނި ސިފައެއް ނެތެއްނު. ޒާލްއާއެކު އުފާވެރި ދިރިއުޅުމެއް ހޯދޭނެ ފެންވަރު އިރާދަކުރެއްވިއްޔާ އަހަރެންގެ އެބަހުއްޓެއްނު” ޔަލާގެ ވިސްނުން ހުރީ ނުރަނގަޅު ކަންކަމަށް ވުރެ ރަނގަޅު ދިމާއަށް މިސްރާބުޖަހާފައެވެ. އޭނާ ޒަލަފް ބަލައިގަންނާނީ ޒަލަފްގެ ހުރި ހުރިހާ ސިފަތަކަކާއެކުއެވެ.
* * * *
ޖެހިގެން އައި ދެ ދުވަހުގެ ތެރޭގައި އަބްދުއްރަޢޫފު އުޅުނީ ޒާލިފު ވަޒީފާއެއް ހޯދަންވާއިރަށް އޭނާގެ ހަށިރައްކަލަށް ކަމެއް ކުރާށެވެ. އޭރު ޒަލަފް ވިސްނަމުން ދިޔައީ ވަށައިގެން ޖަހާފައިވާ ފެންސުން ބޭރަށް ނުކުމެ ޔަލާގެ ގާތަށް ދާނެ ގޮތަކާ މެދުއެވެ. ވަގުތު ކަނޑައެޅިއިރު އޭނާއަށް އޮތީ ހަފްތާއެއްހާ ދުވަހުގެ މުއްދަތެކެވެ. އެހާތަނަށް ހަނދު ފުރިހަމަވާނެއެވެ. ޔަލާއަށް ކުރި ވަޢުދު އުވިގެން ދާކަށް ޒަލަފް ނޭދެއެވެ.
އަސުރުން ފަސްވެފައި ވަނިކޮށް ގޭތެރެއިން ނުކުން ޒަލަފް މަޑުމަޑުން ފެންސުގެ ކައިރިން ހިނގަންފެށިއެވެ. ދޭތެރެއަކުން އެ ފެންސުގެ ދަގަނޑު ތޭރިތަކުގައި ދެ އަތުން ހިފާލައި މަޑުމަޑުން ތަޅުވާލައެވެ. ފެންސު ވައްޓާލަން އޭނާ ބޭނުންވާ ކަހަލައެވެ. ފުރިހަމަ ދެ ބުރު ފެންސުގެ ވަށައިގެން ޖެހުނު އިރު ވެސް އެތަނުން ނުކުންނާނެ ގޮތެއް ޒަލަފްއަކަށް ނުވިސްނުނެވެ. ފުންނޭވާއެއް ލެވުނީ މާޔޫސްވެގެންނެވެ. މަސްފެންގަނޑުގެ ކައިރީގައި ހުރި ރުއްބުޑުތަކުން ރުއްބުޑެއްގައި ޒަލަފް އިށީނެވެ.
“އަދިވެސް ތި ވިސްނަނީ އޭނާގެ ގާތަށް ދާނެ ގޮތަކާ މެދުތަ؟ އަހަރެން ނުބުނަންތަ ޒަލަފް ތިހިރީ ތިތާ ހައްޔަރުކޮށްފައޭ” ދުރުން އިވިގެން ދިޔަ އަންހެން އަޑު ދެނެގަންނާކަށް ޒަލަފްއަށް ސުކުންތެއް ވެސް ނުނެގިއެވެ. އޭނާ ވަށައިގެން ހޯދާލުމުން ކުރިން ފަހަރު ބެހެމަތު ފެނުނު ގަސް ކައިރީގައި އޭނާ ހުއްޓާ ފެނުނެވެ.
“ކަލޭ ކީއްކުރަން ތިއައީ” ޒަލަފް ބުނެލިއެވެ.
“ޒަލަފް ޤަބޫލު ނުކުރިޔަސް އަހަންނަކީ ޒަލަފްއަށް ހެޔޮ އެދޭ މީހެއް. އަހަރެންގެ އެހީތެރިކަން ޤަބޫލެއް ނުކުރާނަންތަ. ކުރިން ވެސް އަހަރެން ބުނީމެއްނު ޒަލަފް ތި ތަނުން ނުކުންނަން އަހަރެން އެހީތެރިވެ ދީފާނަމޭ…. ތިތަނުގައި ކިތަންމެ ދުވަހަކު ހުއްޓަސް އެ އަންހެންކުއްޖާއަކަށް ނާދެވޭނެ ޒަލަފްއާ ބައްދަލުކުރާކަށް. އެ ދުވަހު ވެސް އާދެވުނީ އަހަރެން އޭނާ ގެނައިމަ… އެކަމުން ވެސް އަހަންނަށް ޝުކުރުގެ ބަހެއް ވެސް ޒަލަފް ނުދިން… އެންމެ ކުޑަމިނުން އަހަންނާ ވާހަކަދައްކަން ވެސް ޒަލަފް ބޭނުމެއްނުވޭ” ބެހެމަތް ގަސްކައިރީ ހުރެ ޒަލަފްއާ ވާހަކަދައްކަމުން ދިޔައެވެ.
ބެހެމަތްގެ ވާހަކަތަކާ މެދު ޒަލަފް ވިސްނިއެވެ. ބެހެމަތްއަކީ އާދައިގެ އަންހެންކުއްޖެއް ނޫންކަން ކުރިން ވެސް އޭނާއަށް އެނގެއެވެ. އޭނާ ބުނާހެން ޔަލާ ގެނެސްދިނީ އޭނާ ކަމަށްވާނަމަ ބެހެމަތްއަށް ޝުކުރުއަދާކުރުން ހައްޤެވެ. ނަމަވެސް އެގޮތަށް އެކަން ކުރަން ޒަލަފްގެ ހިތް ނުރުހެނީ ކީއްވެކަމެއް ނޭނގެއެވެ. އޭނާގެ ޟަމީރު ބުނަނީ ބެހެމަތްއަށް އިތުބާރު ނުކުރުމަށެވެ. އެހެންވިޔަސް އޭނާގެ ފަރާތުން އެހީތެރިކަމެއް ހޯދުމަކީ މައްސަލައެއް ކަމުގައި ޒަލަފްއަށް ޤަބޫލެއް ނުކުރެވުނެވެ. ކޮންމެ ގޮތަކުން ވެސް ޔަލާއާ ބައްދަލުކުރަން ޒަލަފް ވަނީ ބޭނުންވެފައެވެ. ސައުވީސް ގަޑިއިރު އެ ޚިޔާލަކަށް ޒަލަފް ގެއްލި ހުންނަ ޚިޔާލަކީ ޔަލާއެވެ.
“އަހަރެން ކަލެއާ ވާހަކަދައްކަ ފާނަން… އެކަމަކު އެހާ ގިނަގިނައިން އައިސްގެން ނުވާނެ. އޭގެ ބަދަލުގައި އެ އަންހެންކުއްޖާއާ ހަމައަށް އަހަރެން ގެންގޮސްދޭންވާނެ… މިއަދު ނުލާ ބާކީ އޮތީ ތިންދުވަސް… ތިންދުވަސް ހަމަވާ ރޭ އަހަރެން އޭނާގެ ގާތަށް ދާން ބޭނުން. އެކަން ކަލެއަށް ވާނެތަ” ވަރަށް ވިސްނާފައި ޒަލަފް ބުނެލިއެވެ. އަދި ބެހެމަތްގެ ޖަވާބަކަށް އިންތިޒާރު ކުރަމުން ދިޔައިރު އޭނާގެ މޫނަށް ވަރަށް ރަނގަޅަށް ބަލަމުން ޒަލަފް ދިޔައެވެ.
“ޒަލަފް އޭނާދެކެ ލޯބިވަނީތަ؟” ބެހެމަތް ކުރި ސުވާލުން ޒަލަފް ހައިރާންވިއެވެ.
“ތި ސުވާލަށް ޖަވާބުދޭކަށް އަހަރެން ބޭނުމެއްނޫން، އަހަންނަށް އެހީތެރިވާނަންތަ ނުވާނަންތަ” ޒަލަފް ބޭކާރު ވާހަކަ ދައްކަން ބޭނުން ނުވާކަން ބެހެމަތްއަށް ވިސްނުނީ ކަންނޭނގެއެވެ. އޭނާ ޒަލަފްއަށް އިރުކޮޅަކު ބަލަން ހުރެފައި ވާހަކަދެއްކިއެވެ.
“އެހީވާނަން. އެކަމަކު އަހަރެން ބުނާ ގޮތަށް ކަންތައްކޮށްގެން ނޫނީ ޒަލަފްއަށް ތި ޖަލަކުން ނުނިކުމެވޭނެ. އެހެންވީމަ އަހަރެން ބުނާގޮތަށް ކަންތައް ކުރަން އެއްބަސްތަ؟” ބެހެމަތް ކުރިމަތި ކުރުވީ ސުވާލެކެވެ.
“އެއްބަސް… އަހަންނަށް ވެވޭވަރު ކަމެއްނަމަ އެގޮތަކަށް އެކަމެއް ކުރާނަން. އަހަރެން މިތަނުން ނެރިގެން އެ އަންހެންކުއްޖާގެ ގާތަށް ގެންދާނަން ކަމަށް ވަޢުދުވޭ” ޒަލަފް ތެދުވެގެން އައިސް ފެންސުގެ ތޭރިތަކުގައި ހިފަހައްޓާލައިގެން ބެހެމަތަށް ބަލަން ހުރެ ބުނެލިއެވެ.
“ވަޢުދުވެއްޖައިން…” މިހެން ބުނިއިރު ބެހެމަތްގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއް ދުވެލިއެވެ. އެކަމަށް ޒަލަފް ކުޑަ ވެސް ސަމާލުކަމެއް ނުދިނެވެ. އޭނާ އެނބުރި ހިނގައިގަންނަން އުޅުމުން ބެހެމަތް އޭނާ ހުއްޓުވިއެވެ. ކުޑަކޮށް ވާހަކަދައްކާލާފައި ދިއުމަށް އެދިގެންނެވެ. އަދި މަޑުމަޑުން ޒަލަފްއާ ދިމާ ކުރިމަތިވާނޭ ހެން ދެތިން ފިޔަވަޅު ކުރިއަށް ޖެހިލިއެވެ.
“ޒަލަފް ތި ޖަލުން ނުކުމެ މިނިވަން ވާނޭ ދުވަހަކަށް އަހަރެން އިންޒާރުކުރާތާ ވަރަށް ގިނަ ދުވަސްވެއްޖެ. އެކަން ވެސް ދެން މާގިނަ ދުވަހެއްނުވެ ފުރިހަމަ ވެދާނޭކަން މިހާރު އެނގިއްޖެ… އެ އަންހެންކުއްޖަކީ ލެއްވި ނަސީބެއް” ބެހެމަތް ބުނެލިއެވެ. އޭނާގެ މި ބުނުމުން ޒަލަފްއަށް ހައިރާންކަމެއް ލިބިގެން ދިޔައެވެ.
(ނުނިމޭ)