( ހީވޭ ކަލާ ވާހެން، މި ވާހަކައަކީ 8 މެއި 2016 އިން 29 ޑިސެމްބަރ 2017 އަށް ޖުމްލަ 89 އެޕިސޮޑްގެ ގޮތުގައި ވީނިއުސްގައި ޝާއިރު ކުރެވުނު ވާހަކައެއް. )
އަރީޝާއާއި ޒާލިފުގެ ވާހަކައިގައި ބައިވެރިވުމުގެ ބަދަލުގައި ޒަލަފް ތެދުވެގެން އައީ އޭނާގެ ކޮޓަރިއަށެވެ. އަދި އައިސް އޭނާ ކުރިން އެނދުގައި އިށީނދެގެން އިންތަނުގައި އިށީނދެ ކުޑަދޮރު ކައިރީ ހުރި ގޮނޑިއަށް ބަލާލިއެވެ. އެ ގޮނޑީގައި ޔަލާ އިނދެފައި ދިޔަ ޚިޔާލުތައް ސިކުނޑީގައި އެނބުރިގަތެވެ. ހުރިހާ ކަމެއް ޚިއްޞާ ކުރަމުން އަންނަ ޒާލިފަށް ވެސް ޔަލާ އެގެއަށް އައިކަން ޒަލަފް ސިއްރުކުރީއެވެ.
ސްކޫޓަރަށް އަރާ ދުއްވާލިއިރު ވެސް ޔަލާގެ ތުންފަތުގައިވި ހިނިތުންވުން ފިލާ ނުދެއެވެ. އެހެންޏާ ފަރުވާވެ އިނދެ ދުއްވާ ޔަލާއަށް ކުޑަ ވެސް ސަމާލުކަމެއް މަގަށް ދެވިފައިވާހެނެއް ހިޔެއްނުވެއެވެ. ހިނިތުންވެލައިގެން އިނދެ އެއް ވަރެއްގައި ސައިކަލުގެ އިސްޕީޑު ހިފަހައްޓާލައިގެން ކުރިއަށް ދިޔައެވެ. އޭނާ ކުރަމުން އެދާ ޚިޔާލު މުޅި ސިކުނޑި ޙިޞާރުކޮށްފައިވާ ކަހަލައެވެ.
“ޔާލް! މިއަދު ހާދަ ލަސްވީ ކިހިނެއްވީ؟ މަންމަ ގުޅަން ވެސް ގުޅީން” ސިޓިންރޫމު ސޯފާގައި އިން ޞާބިރާއަށް ގޭތެރެއަށް ވަން ޔަލާ ފެނުމާއެކު އަހާލިއެވެ.
“އާން! މަންމަ ގުޅިކަން އެނގޭ… އެވަގުތު ފޯނު ނުނެގުނީ… ކުޑަކަމެއް ޖެހުނީ… އެހެންވެ ލަސްވީ… ކޮޓަރިއަށް މިދަނީ. ވަރަށް ވަރުބަލިވެފައި މިހިރީ” ޔަލާއަށް ޚިޔާލީ ދުނިޔެއިން ނުކުމެވުނީ ޞާބިރާގެ އަޑަށެވެ. އެހެންނަމަވެސް ކުރު ޖަވާބުތަކެއް ޞާބިރާއަށް ދީފައި ޔަލާ އަވަސްވެ ގަތީ އޭނާގެ ކޮޓަރިއަށް ދިއުމަށެވެ.
“ވަރުބަލިވިޔަސް މިގަޑީގައި ނުނިދައްޗޭ. އިރުއޮއްސޭ ދަޅައަށް ނިދުމަކީ ސުންޕާކަމެއް” ސިޑިއާ ދިމާއަށް ހިނގައިގަތް ޔަލާއަށް ޞާބިރާ ބުނެލިއެވެ. ޔަލާ އެއްވެސް އެއްޗެއް ނުބުނެ ސިޑީގެ ހަރުފަތްތަކުން އަރަންފެށިއެވެ.
ފެންވަރާލައިގެން ނުކުމެ ރީތިވުމުގެ ބަދަލުގައި ޔަލާ އެނދުމައްޗަށް އުއްޑުން ވެއްޓިގަތެވެ. އޭނާގެ ޠަބީޢަތަށް ބަދަލުތަކެއް އަތުވެއްޖެކަން ގައިމެވެ. ތުންފަތުގައިވާ ހިނިތުންވުން ފިލާ ނުދެއެވެ. ސީލިންގއަށް ނަޒަރު ހުއްޓާލައިގެން އޮތެއްކަމަކު އެ ދެ ލޮލަށް އެހަން މަންޒަރުތަކެއް ކުލަވެ ސިފަވަމުން ދާ ކަހަލައެވެ. ހިނދުހިނދުކޮޅުން ތުންފަތުގެ ހިމަކޮޅު ދެމިލާލެއް އިތުރުވެއެވެ. ލަދުވެތިކަމުގެ އިޝާރާތެއްގެ ގޮތުން ދޭތެރެއަކުން މޫނުގައި ދެ އަތް އަޅައި ފޮރުވާލާނެއެވެ. ނޫނީ ރަކި ގޮތަކަށް އަޑުވީއްލާ ހީނލާނެއެވެ. މީ ދުވަހަކު ވެސް ޔަލާއަށް ވީގޮތެއް ނޫނެވެ. ނަމަވެސް އޭނާއަށް މިހާރު ޖެހިގެން އެ އުޅެނީ ސިހުރު ޖެއްސީ ޒަލަފްއެވެ.
“އަހަންނަށް މިވަނީ ކިހިނެއްތަ؟ މީގެ ކުރިން ޒާލް ފެނިގެން ނުވާ ގޮތްތަކެއް މިއަދު ވާންވީ ކީއްވެ؟ އެ ކުރެހުން… އޯ ޒާލް… ހީވަނީ ހަމަ ދެންމެ ދެންމެ ފެންގަނޑުގެ ތެރެއިން އަހަރެން ނަގާ ފާނެހެން… ނޫނީ އަހަރެން ނިދާފައި އޮތްއިރު ތި ހޫނު ނޭވާގެ އިހުސާސް ކުރެވެމުންދާހެން… މައި ގޯޑް… އަހަރެން މޮޔަވަނީތަ؟ ކޮންކަހަލަ ޚިޔާލުތަކެއް؟ ކޮންކަހަލަ ވާހަކަތަކެއް….” ޔަލާ ބާލީހުގެ ތެރޭ މޫނު ފޮރުވާލިއެވެ.
ތުވާލިކޮޅާއެކުކަން މިއޮވެވުނީ ޔަލާއަށް އިހުސާސްވީ އޭނާގެ ކޮޓަރީގެ ދޮރުގައި ލުހާ ތަޅައިގަތުމުންނެވެ. ކައްޓެއްހެން ފުންމައިގެން ތެދުވިގޮތަށް ޔަލާއަށް ފުރަތަމަ ވެސް ހިފަހައްޓާލެވުނީ ތުވާލީގައެވެ. އެއާއެކު ފޯނަށް ބަލާލިއެވެ. އޭނާ އެހެން އޮންނަތާ ގަޑިއެއްގެ އިރަށްވުރެ ގިނައިރުވެގެން ދިޔައީއެވެ. ރެއަކާ ވެސް ނުލާއެވެ. އަވަސް އަވަހަށް އަލަމާރި ހުޅުވާލުމާއެކު ޓީޝާޓެއް ބޮލަށް މަހާލިއެވެ. ދެން އައިސް ދޮރު ހުޅުވިއެވެ.
“ނިދާފަ ދޯ އޮތީ… މަންމަ ބުނެގެން މިއައީ. ޔާލް ނިދާފައި އޮތިއްޔާ ގޮވާށޭ މަންމަ ބުނީ. މިގަޑީގައި ނިދާކަށް ނުވާނެއޯ” ޔަލާ ދޮރު ހުޅުވާލުމާއެކު ލުހާ ވާހަކަދައްކަމުން ކޮޓަރިތެރެއަށް ވަނެވެ. އޭނާގެ ސުވާލަށް ދޭނެ ޖަވާބެއް ޔަލާއަކަށް ނޭނގުނެވެ. އޭނާ ވެސް ހުރީ ޔަޤީންނުވެފައެވެ. އަނެއްކާ އޭނާއަށް ނިދުނީބާއެވެ. ނޫނީ ޚިޔާލުގެ ވަރުގަދަކަމުން ފުން ނިންޖެކޭ އެއްވަރުވީ ބާއެވެ. ވަށައިގެންވާ ހުރިހާ ކަމެއް އޭނާއަށް ނޭނގޭ ވަރަށް ރޯނާވީހެއްޔެވެ.
“އޭތް! އަދިވެސް ނިދާފަ ދޯ ތިހުރީ” ޔަލާ ހުއްޓުން އަރާފައި ހުންނަން ފެށުމުން އޭނާގެ ކޮނޑުގައި ހިފާ ތަޅުވާލަމުން ލުހާ ބުނެލިއެވެ.
“ހޭލައޭ މިހުރީ… ކޮބާ ކިހިނެއް ދިޔައީ އިންޓަރވިއު؟ ހީވޭތަ ޖޮބު ލިބޭނެހެން” ޚިޔާލުތަކާ ދުރަށް ޖެހިލުމަށް ޔަލާ މަސައްކަތްކުރިއެވެ.
“ހީވޭ ލިބޭނެހެން…. ބުނި މި ބުރުން އަދި އިތުރު އިންޓަރވިއުއަކަށް ކުދިން ހޮވާނެކަމަށް. އެއީ ކަމަށްވަނީ ފައިނަލް އިންޓަރވިއުއަކީ. އެއަށް ހޮވޭ ކުދިންގެ ތެރެއިން ޖޮބަށް ކުދިން ނަގަނީ… ޕްރޮސީޖަރ މިހާރު ވަރަށް ދިގޭ… އެހެންނުވާނީ. ކިޔަވައިގެން މަތީ ސެޓުފިކެޓުތައް ހޯދިޔަސް އެވަރަށް ޖޮބު ނޯންނަންޏާ… އަނެއްކާ ގުޅުމެއްނެތި ތަނަކުން ވަޒީފާއެއް ލިބޭނީ މަދު ކުއްޖަކަށް” ލުހާ ފާޑަކަށް ތުން ހަދާލައިގެން އިނެވެ.
“ލިބޭނެހެން ހީވެޔޭއެއްނު ތިބުނީ… ސޯ ބީ ޕޮޒިޓިވް… އިރާދަކުރެއްވިއްޔާ ލިބޭނެ” ޔަލާ ރީތިވާ މޭޒު ދޮށުގައި އިނދެ ފުނާ އަޅަމުން ބުނެލިއެވެ.
“އަދި ހަނދާންނެތިފައޭ މިއިނީ… މަންމަ އަހަރެން ފޮނުވީ ޔާލްއަށް ގޮވާފައި ނަމާދުކުރަން ބުނާށޭ ކިޔާފައި. މަވެސް އަދި ނުކުރަން. އިޝާ ނަމާދަށް ގޮވަން ވަރަށް ކައިރިވެއްޖެ”
“މުސައްލަ ފަތުރާލާ، މިއަންނަނީ ވުޟޫކޮށްލައިގެން” ލުހާގެ ވާހަކަ އިވުމާއެކު ޔަލާ ބުނެލިއެވެ.
ދެބެން ނަމާދުކޮށްގެން އެކުގައި ތިރިއަށް ފޭބިއެވެ. އޭރު އަދި ޞާބިރާ ނަމާދުކޮށްގެން ކޮޓަރިން ނުނިކުމެވެ. ޔަލާއާއި ލުހާ ސޯފާގައި ޖައްސާލައިގެން ޓީވީ ބަލަން ފެށިއެވެ. ދެބެން ވެސް ދައްކަމުން ދިޔައީ ހިންދީ ޑްރާމާއެއްގެ ވާހަކައެކެވެ. އެހެން ތިއްބާ ދޮރޯށި ހުޅުވާލާފައި ސަލާމް ގޮވަމުން އައިސް ސިޓިންރޫމު ދޮރުމަތީ މަޑުކޮށްލީ ރައްޔާއެވެ.
“ދޮންތާ… ތި އޯ…” އަތައް ހެޔޮވަރުކޮށްލާފައި އޮތް ޕްލާސްޓިކު ރަތްކޮތަޅަށް ލޮލުން އިޝާރާތްކޮށްލަމުން ލުހާ އަހާލިއެވެ.
“ކާބޯނާރާ ކާހިތުން ނުހުރެވިގެން… އެހެންވެ އެއްޗެހި ގަނެގެން މިއައީ މިރޭ ހަދަން ކަމަށް” ގޭތެރެއަށް ވަދެގެން އައިސް ޔަލާގެ ގާތުގައި ސޯފާއަށް ވެއްޓިގަންނަމުން ރައްޔާ ބުނެލިއެވެ.
“ކޮބާ އަމަންބޭބީ” ޔަލާ ސުވާލުކޮށްލިއެވެ.
“އެ ދިޔައީ ނަވާޒާއެކު ދުއްވާލަން. އެގޭ ކުދިވެރިން ވެސް ކާރުގައި އެބަތިބި. އޭނާ ވެސް އަންނާނެ ކާން. ހިނގާބަލަ ބަދިގެއަށް” ރައްޔާ ބުނެލިއެވެ.
ޞާބިރާ ކޮޓަރިން ނުކުންއިރު އޭނާގެ ތިން އަންހެން ދަރިން ބަދިގެތެރޭގައި މަސައްކަތުގައި އުޅޭތަން ފެނި ހައިރާންވިއެވެ. ރައްޔާއަކީ ފާޑުފާޑުގެ އެއްޗެހި ހަދައިގެން ކާން ބޭނުންވާ މީހެކެވެ. އަދިވެސް އޭނާއަށް އެންމެ ހިތްހަމަޖެހުން ލިބެނީ މަންމަގެ ގާތަށް އައިސް އުޅެބޮޑުވި ގޭގެ ބަދިގޭގައި ކައްކާލައިގެން ކާށެވެ. ޞާބިރާ އައިސް ދަރިންނަށް ފާޑުކީ ގޭގައި ކައްކާފައި ހުއްޓާ އިތުރު އެއްޗެއް ހަދުމުން ކާއެއްޗެހި އިސްރާފުވާނޭތީއެވެ. ނަމަވެސް އޭނާއަށް ރައްޔާމެން ކުރަން ބޭނުންކަމެއް ހުއްޓައެއް ނުލެވޭނެއެވެ. އެހެންވެ ރައްޔާ ކައްކަން ފެށުމުން އޭނާއަށް އަތްގާތް ކޮށްދޭން ފެށިއެވެ.
“އޯ ޝިޓް… ހަނދާނެއް ވެސް ނެތް” ބަދިގޭ ކަބަޑުމަތީ އޮތް ޔަލާގެ ފޯނު ވައިބްރޭޓުވާން ފެށުމުން އިސްކުރީނަށް ބަލާލުމާއެކު ޔަލާއަށް ބުނެވުނެވެ.
“ކިހިނެއްވީ؟” ޞާބިރާއަށް އަހާލެވުނެވެ.
“އެ ގުޅަނީ ޑެޕިއުޓީ ރީހާން… މިރޭ އެބައޮތް ޑޮކްޓަރުންގެ ބާބެކިއުއެއް… އަހަރެން ނުދާން އުޅުމުން ވެސް ޑެޕިއުޓީ ބުނެފި މީ ޔަލާ ޖޮއިންވިފަހުން ބާއްވާ ފުރަތަމަ ބާބެކިއު ވީމަ ދާންވާނެއޯ. ބުނި ބަލާ އަންނާނެ ވާހަކަ… މަންމާ… އެކެއް ޖަހާކަން ހާއިރު ބާބެކިއު ނިންމާފައި އާދެވޭނީ… ކިހިނެއް ހަދަންވީ؟ ދާންވީތަ؟” ޔަލާ ޖަވާބަކަށް އެދި ބަލާލީ އެތަނުގައި މިވަގުތު ތިބި އޭނާގެ ޢާއިލާގެ މެންބަރުންނަށެވެ.
“ރީހާން އެބުނީ ތެދެއް. ވަޒީފާގައި އުޅޭއިރު އެތަނުގައި ބާއްވާ ކަންކަމުގައި ވެސް ބައިވެރިވާންވާނެ” ޞާބިރާގެ ޚިޔާލު ފާޅުކުރިއެވެ.
“ރީހާން އެ ބުނީނު ބަލާ އަންނާނެ ވާހަކަ ވެސް… އެހެންވީމަ ކަންބޮޑުވާނެކަމެއްނެތެއްނު. މަންމައަށް އެނގޭތަ؟ އެއީ ވަރަށް ސްމާޓް ޑޮކްޓަރެއް” ލުހާ މިހެންބުނެ ލާނެތްގޮތަކަށް ހީނލިއެވެ. އެންމެންގެ ވާހަކައިގައި ޔަލާ ހުއްޓާ ރީހާންގެ ކޯލު ކެނޑި ދެވަނަ ފަހަރަށް ރީހާން ގުޅަން ފެށިއެވެ. އެއާއެކު އަވަސްއަވަހަށް ފޯނު ނަގާ ކަންފަތުގައި ޖަހާލުމާއެކު ވާހަކަދައްކަން ފެށިއެވެ.
ރައްޔާ ހެދި ކާއެއްޗެހީގެ ރަހަ ނުލިބި ޔަލާ ދާން ޖެހުމުން އޭނާ ހުރީ މާޔޫސްވެފައެވެ. ހަޤީޤަތުގައި އޭނާ އެއްގޮތަކަށް ވެސް އެ ބާބެކިއުއަކަށް ދާކަށް ބޭނުމެއްނޫނެވެ. އެހެންނަމަވެސް ރީހާން ފަދަ ވެރިއަކު އެދުމުން ނޫނެކޭ ބުނަން ނުކެރުނީއެވެ. އަމިއްލަ ނަފްޞަށް މަޖޫބޫރުކޮށްގެން ޔަލާ ތައްޔާރުވިއެވެ. އޭނާ ހިތްހަމަޖައްސައިދިނުމަށް ރައްޔާ ކެއްކި އެއްޗެހިން ޔަލާއަށް ބަހައްޓާނަން ކަމުގައި އެންމެން ބުންޏެވެ.
ރޭގަނޑު ނުވައެއްޖަހާއިރު އަންނަން ބުންޏެއްކަމަކު ރީހާންއަށް އާދެވުނީ ނުވަގަޑިފަހެއް ހިނގިފަހުންނެވެ. ފޫހިވެފައި އިން ޔަލާއަށް އެކަން ވެސް ފާހަގަކުރެވުނީ ބޮޑުކަމެއްގެ ގޮތުގައެވެ. ނަމަވެސް ރީހާންގެ ފޯނުކޯލު އައުމާއެކު ދޮރޯށިން ނުކުތީ ހިނިތުންވެފައި ހުރި މޫނެއް ދައްކައިގެންނެވެ. ޔަލާ ދިމާއަކަށް ހިނގައިގަތުމުގެ ކުރިން ރީހާން އޭނާއާ ޖެހިގެން ހުރި ސީޓަށް އިޝާރާތްކޮށްލަމުން ކުރީ ދޮރުފަތް ޔަލާއަށް ހުޅުވާލަދިނެވެ.
ހޮސްޕިޓަލާ ހަމައަށް ދެވެންދެން ވެސް ޔަލާ މާގިނަ ވާހަކައެއް ނުދައްކައެވެ. ރީހާންއަށް ވެސް ދެތިން ބަހެއް ބުނެލުމާއެކު ދެން ބުނާނޭ އެއްޗެއް ނޭނގުނެވެ. އެ ދެމެދުގައި އޮތް ހިމޭންކަން ކެނޑިގެން ދިޔައީ އެހެން ޑޮކްޓަރުންނަށް ރީހާންއާއެކު ޔަލާ އައިތަން ފެނިފައެވެ. އެންމެން ވެސް ޝައުގުވެރިވީ މީގެ ކުރިން ރީހާންގެ އަމިއްލަ ކާރުގައި އޭނާގެ ދަށުން މަސައްކަތްކުރާ ސްޓާފަކު ގޮވައިގެން އުޅެނިކޮށް ފެނިފައި ނުވާތީއެވެ. ހޮސްޕިޓަލުގެ ބިއްދޮށުގައި އޮންނަ ހުސްބިމުގައި ބާބެކިއު ހެދުމުގެ ތައްޔާރީތައް ވަމުން ދިޔައެވެ. ހޮސްޕިޓަލުގެ ކެފެޓީރިއާއިން ގެނެސްފައި ހުރި މޭޒުތަކާއި ގޮނޑިތައް އަތުރާފައި ހުއްޓެވެ. ކޮންމެ ޑޮކްޓަރަކު ވެސް ޔަލާއަށް ބަލާލާފައި ރީހާންއަށް ބަލާލައެވެ. ބުނާނެ އެއްޗެއް ނޭނގިފައި ޔަލާ ހުރި އިރު އޭނާއަށް ވެސް އެކަމުން އުނދަގޫވާކަން ރީހާންއަށް އެނގުނެވެ. ޚުދު ރީހާން ވެސް ނޭނގުނީ އޭނާގެ އުޅުމަށް އެތައް ބައެއްގެ ލޯތައް އަމާޒުވެފައި ހުރެދާނެކަމެވެ. ކިތަންމެ މިނިވަންކޮށް އުޅެން ބޭނުންވިޔަސް އެކަން އޭނާއަށް ނުވާނޭކަން މިހާރު އެނގިއްޖެއެވެ. އެންމެންގެ ކޫސަނި ވާހަކަތައް ހުއްޓުވުމަށް ރީހާން ބޭނުންވެ އިސްނެގިއެވެ. އަދި ހުރިހާ ސްޓާފުންގެ އެކުވެރިކަމަށް ތަޢުރީފުކުރުމާއެކު ޔަލާއަކީ އެންމެ ފަހުން އެ ހޮސްޕިޓަލާ ބައިވެރިވި ޑޮކްޓަރަށްވެފައި މި ފަހަރުގެ ބާބެކިއުއަކީ ޔަލާއަށް މަރުޚަބާ ކިޔުމުގެ ބާބެކިއުއެއް ކަމުގައި ރީހާން ހާމަކޮށްލިއެވެ. އެއާއެކު އެންމެން ވެސް ފޯރީގައި ޔަލާއަށް މަރުޚަބާ ކިޔެވެ.
ބިދޭސީ ޑޮކްޓަރުން ގިނައެއްކަމަކު ޔަލާއަށް ވެސް ފާހަގަކުރެވުނީ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ މެދުގައި އޮންނަ އެކުވެރިކަން ވަރުގަދަކަމެވެ. އަދި އެހީތެރިވުމުގައި އިސްނަގާ ބައެއް ކަމެވެ. ޔަލާއަށް ބާކީވާނޭ ފުރުޞަތެއް އެމީހުން ނުދެއެވެ. ތަފާތު ސުވާލުތައް އެމީހުން ކުރަމުން ދިޔައެވެ. ޔަލާގެ މުސްތަޤުބަލަށް މަތިވެރި ކާމިޔާބު އެދި އެމީހުންގެ ހިތުގެ އަޑިން ދުޢާކޮށްދެމުންދިޔައެވެ. އޭރު ދުރުގައި ހުރި މޭޒެއްގެ ދޮށުގައި ޑރ.ވިޖޭއާއި އަދިވެސް ސީނިއަރ އެހެން ޑޮކްޓަރަކާއެކު ރީހާން އިނެވެ. އޭނާގެ ތޫނު ނަޒަރު ހުއްޓިފައި ހުރީ ޔަލާއަށެވެ. ޑރ.ވިޖޭއަކީ ހޮސްޕިޓަލުގައި ރީހާންއާ އެންމެ ގާތްކޮށް އުޅޭ ފަރާތެވެ. އެހެންވެ އެ ދެމެދުގައި އެންމެ ގާތް އެކުވެރިކަން ނޫނަސް އެ ދެމީހުންނަކީ ރައްޓެހިންނޭ ބުނެވިދާނެއެވެ. ވިޖޭގެ ލޮލުގައި ވެސް ރީހާން އިން ގޮތް އަޅައިގަތެވެ. އޭނާގެ ކޮނޑުން ރީހާންގެ ކޮނޑުގައި ޖެހިލާފައި ކަރުކެހިލިއެވެ. އެއާއެކު ރީހާން އަވަސްއަވަހަށް އޭނާގެ ނަޒަރު ޔަލާއާ ވަކިކޮށްލާ އެހެން ދިމާއަކަށް ބަލާލާފައި ޑރ.ވިޖޭއަށް ބަލާލިއެވެ. އޭރު ޑރ.ވިޖޭ އިނީ ހެވިފައި ރީހާންއަށް ބަލާށެވެ.
“ޝީޒް އަ ވެރީ ކޭޕަބެލް ޑޮކްޓަރ… ޕޭޝަންޓްސް ލަވް ހަރ… ރީހާން، އައި ތިންކު ޔޫ އަރ ނޮޓް ފީލިންގ ވެލް. ވައި ޑޯންޓް ޔޫ ކޮންސަލްޓް ހަރ. ޝީ މައިޓް ހޭވް ދަ ކިއޯ” ޑރ.ވިޖޭ ދުރުދުރުން ވިޔަސް ރީހާންއާ ދިމާކޮށްލިއެވެ. އެއާއެކު ދެފަރާތަށް މަޑުމަޑުން ބޯހޫރުވާލަމުން ރީހާން އިސްދަށަށް ޖަހާލިއެވެ. އޭނާގެ ގާތަށް ވެސް ހިނިއައެވެ. ޑރ.ވިޖޭ އެ ބުނީ މުޅިއަކުން ދޮގެއް ނޫންކަން ރީހާންއަށް ވިސްނުނެވެ. އޭނާއަށް ފާޑެއްގެ ބައްޔެއް ޖެހުމުގެ އަލާމާތްތައް ފެންނަން ފަށައިފިއެވެ. އެއީ ކޮންމެ ޑޮކްޓަރަކަށް ދައްކައިގެން ދެނެގަނެވޭނެ ބައްޔެއްނޫނެވެ. އަދި ކޮންމެ ޑޮކްޓަރަކަށް ފަރުވާ ދެވޭނޭ ބައްޔެއް ވެސް ނޫނެވެ. ރީހާންގެ ބަލި ދެނެ ގަނެ އެ ބައްޔަށް ފަރުވާއެއް ހޯދާ ދެވޭނެ މީހަކީ ޑރ. ޔަލާއެވެ. އެކަމަކު ރީހާންއަކީ އެހާ ޖެހިލުން ކުޑަ ޒުވާނެއް ނޫނެވެ. ޔަލާގެ ކުރިމައްޗަށް އަރާ ހިތުގައި އޮތް ހުރިހާ އެއްޗެއް ހާމަކޮށްލަން އޭނާ ފަސްޖެހެއެވެ. ބިރުގަނެވެ. ފަހަރެއްގައި ޔަލާ ހީކޮށްފާނެ އެއްޗެއް ނޭނގޭތީއެވެ. އޭނާއަކީ ގޮތެއްނެތް މީހެއްގެ ގޮތުގައި ލޭބެލްވާކަށް ރީހާން ނޭދެއެވެ.
* * * *
ރޭގަނޑުގެ ކައުމުގައި ޢާއިލާގެ ހުރިހާ މެންބަރުން ބައިވެރިވި ރެއެކެވެ. ޒަލަފްއާއި ޒާލިފުގެ މޫނުމަތިން ވެސް އުފާވެރިކަން ފާޅުވޭވޭ ހުއްޓެވެ. އަބްދުއްރަޢޫފު ރަށަށް އެ އައީ މަހެއްހާ ދުވަހު ރަށުން ބޭރުގައި އުޅެފައެވެ. އެންމެންނަށްވުރެ ބޮޑަށް އަރީޝާ އިނީ ހިނިތުންވެލައިގެންނެވެ. އޭނާގެ ފިރިމިހާ ސަލާމަތުން އެނބުރި ގެއަށް އައީމައެވެ. ހިތްހަމަޖެހިފައި އިނެއްކަމަކު އަބްދުއްރަޢޫފު މަޢުނަވީ ބަލާލުމަކުން ޒަލަފްއަށް ބަލާލިއެވެ. އަދި ހަމަ އެ ނަޒަރުން އަރީޝާއަށް ވެސް ބަލާލިއެވެ.
“ޒަލަފް، ދަރިފުޅުގެ ހާލު ރަނގަޅުތަ؟” އަބްދުއްރަޢޫފުގެ ސުވާލުން ޒަލަފް ހައިރާންވިއެވެ. އޭނާ އެހެން އެ އެހީ ދެ ވަނަ ފަހަރަށެވެ. ކުޑަކޮށް ހާސްވާގޮތް ޒަލަފް ވިޔަސް އެކަން އޭނާގެ މޫނު މަތިން ހާމަވިޔަކަ ނުދިނެވެ.
ބަސްމަދު ޒަލަފް ހިނިތުންވެލަމުން އަބްދުއްރަޢޫފަށް ބަލާލަމުން ބޯޖަހާލިއެވެ. ނަސީބަކުން އިތުރަށް އަބްދުއްރަޢޫފު އެއްޗެއް އަހާކަށް ނޫޅުނެވެ. އެ ފުރުޞަތުގެ ބޭނުން ހިފަމުން ޒަލަފް އެނބުރި ކޮޓަރިއަށް ދަނީކަމުގައި ބުނެލިއެވެ. އޭނާ ހުއްޓުވުމުގެ ބަދަލުގައި އަބްދުއްރަޢޫފު ބޯޖަހާލީ ހުއްދަ ދިން ފަދައިންނެވެ. ސިޑިން އަރައިގެން ދިޔަ ޒަލަފް ގޮސް އަބްދުއްރަޢޫފުގެ ލޮލަށް ގެއްލެންދެން ބަލަން އިނދެފައި އޭނާ ވާހަކަދެއްކީ ޒަލީފާއެވެ.
“ކުރިއަށްވުރެ ވެސް ޒަލަފް ބަސްމަދުވެއްޖެހެން ހިޔެއްނުވޭތަ؟”
“ކުރާނޭ ކަމެއްނެތިފައި ހުންނަންވީމަ ޒަލަފް އުޅެނީ ފޫހިވެގެން. އަހަރެން ނަމަވެސް އެހެންވާނެ ކަންނޭނގެ. ބައްޕާ… ޒަލަފްއަށް އަހަންނާއެކު ވެސް ބޭރަކަށް ނުދެވޭނެތަ؟ އަހަރެން ޒަލަފްއަށް ރަނގަޅަށް ބަލާނަން. އަހަންނަށް ވެސް ބައެއް ފަހަރަށް އިހުސާސްކުރެވެނީ މި ގޭ ވަށައިގެންވާ ފެންސުގެ ތެރޭގައި ހައްޔަރުވެފައި ހުރި ޤަޢިދީއެއްހެން… ބައްޕައަށް…” ޒަލީފުގެ ވާހަކަ ކުއްލިއަކަށް ހުއްޓުނީ އަބްދުއްރަޢޫފުގެ އަތްތިލަ ފެނިފައެވެ. އޭނާގެ އަތްތިލައިން ޒަލީފަށް އިޝާރާތް އެ ކުރީ ދައްކަމުން ދިޔަ ވާހަކަ ހުއްޓާލުމަށެވެ.
“އެއްވެސް ސަބަބެއް ނެތިއެއްނޫން މީހުންނާ އެކަހެރިކޮށް އުޅޭން މިޖެހެނީ. ބައްޕައާއި މަންމައަށް ވެސް ފަސޭހައެއްނޫން ތި ދެބެން ގޮވައިގެން މި ގޮތަށް އުޅޭކަށް. އެކަމަކު ޒަލަފްއަކީ ބަންދުކޮށްފައި ހުރި ކުށްވެރިއެއްގެ ގޮތުގައި އިހުސާސްވާކަށް އެއްގޮތަކަށް ވެސް ނޭދެން. ކިތަންމެ ފަހަރަކު ހިތް އެދޭ އެ ކުއްޖާއަށް ވެސް ދަރިފުޅަށް ދީފައިވާ މިނިވަންކަން ދެވޭނެ ނަމައޭ. ދަރިފުޅުމެން ދެބެންނަކީ ޚާއްޞަ ދެ ކުދިން. ބައްޕައަށްޓަކައި ޒަލީފު ތި ކަހަލަ ވާހަކަ ދެން ނުދައްކާތި. މިވަގުތަށް މި ނޫން ގޮތެއް ނެތް” އަބްދުއްރަޢޫފު ބުނެލިއެވެ. އޭނާއާ ޖަދަލުކޮށް ޒަލަފްއަށްޓަކައި ވަކާލާތުކޮށްދޭނެހާ ހިތްވަރެއް ޒަލީފުގެ ނެތެވެ. އިސްޖަހާލައިގެން އިނުމަށްފަހު އޭނާ ވެސް ތެދުވެގެން ހިނގައިގަތީ ކޮޓަރިއަށް ދަނީ ކަމުގައި ބުނެފައެވެ.
އަބްދުއްރަޢޫފާއި އަރީޝާ ނިދަން ކޮޓަރިއަށް ވަނުމާއެކު އެ ދެމަފިރިން އެކަނިވީއެވެ. އެއާއެކު އަބްދުއްރަޢޫފުގެ ސުވާލުތައް އަރީޝާއާ ކުރިމަތިވިއެވެ.
“އަހަރެން ނެތިސް ކަމެއް ހިނގިތަ؟” ނިތްކުރިމަތީ ވައަތް ބާއްވައިލައިގެން އަނެއްއަތް މޭމަތީ ބާއްވައިގެން އެނދުގައި އޮތް އަބްދުއްރަޢޫފު އަހާލިއެވެ. އޭރު އަރީޝާ ވެސް އެނދަށް އަރާ ހަމަޖެހިލައިފިއެވެ.
“މާ ބޮޑުކަމެއް ނުހިނގާ… ސަކަރާތްޖަހަން އުޅުނު ކުދިބަޔަކު ވަލުތެރެއަށް ގެއްލިގެން މި ހިސާބަށް އާދެވުނު. ހެނދުނުހެނދުނާ ހިނގައްޖެ. އޭގެ ފަހުން ނާދޭ. ހިޔެއްނުވޭ މިހިސާބަށް ދެން އަންނާނެހެން” އަބްދުއްރަޢޫފާ ދިމާއަށް އެނބުރި އޮތް އަރީޝާ ބުނެލިއެވެ.
“ރަޢޫފު… ކޮންކަމަކާ ތި ވިސްނަނީ؟” އަބްދުއްރަޢޫފު އަނގައިން ނުބުނެ ގިނައިރުވާން ފެށުމުން އަރީޝާ އަނެއްކާ ވެސް ވާހަކަދެއްކިއެވެ.
“މިގެ ފެނުނު ގޮތަކާ މެދު މި ވިސްނަނީ. ކޮންމެ ކޮންމެ މީހަކަށް ނުފެންނާނެ މިގެއެއް. މިހިސާބަށް ނުވެސް އާދެވޭނެ… އެކަމަކު އަދި ދުވަސް ހަމަވާން ކައިރި ވެސް ނުވޭ…. ދެން ނޭނގެ… މަށަށް ހީވަނީ އަލުން އާކޮށްލަންވީހެން” ފިކުރުބޮޑުވެފައި އޮތް ގޮތަކަށް އަބްދުއްރަޢޫފު ވާހަކަދެއްކިއެވެ.
“ގޯހެއް އުޅޭނީތަ؟ އަނެއްކާ ޒަލަފް…” އަރީޝާއަށް ލިބުނު ކަންބޮޑުވުމާއެކު ތެދުވެވުނެވެ. އެހިނދު އޭނާގެ ކޮނޑުގައި ފުންމައިގެން ތެދުވި އަބްދުއްރަޢޫފު ހިފެހެއްޓިއެވެ.
“އަރީޝާ… އަދި ހާސްވެގެން ތެޅިގަންނާކަށް ނުވޭ، ގޯހަކަށް ނުވެވެސް ހިނގައިދާނެ… ވެދާނެ ޒަލަފް ބޭރަށް ނުކުންނަ ހިތްޖެހިފައި ހުރިލެއް ބޮޑުކަމުން އައި ބަދަލެއް ކަމަށް ވެސް. އޭނާ އެހެންހުއްޓަސް އަރީޝާއަށް އެނގެއެއްނު އޭނާގެ ހަޤީޤަތް” އަބްދުއްރަޢޫފު ވިސްނައިދޭ ފަދައިން ވާހަކަދެއްކިއެވެ.
“އާން! ޤަބޫލުކުރެވޭ އޭނާގެ ފަރާތުން ކަމެއް ވެދާނެކަން… މިއަދު ޒަލީފް ގާތުގައި ބުނެފި ފޯނެއް ގަނެދޭން ވެސް. އަހަންނަށް ހީވަނީ ޒަލީފް ފޯނާ ކުޅެން އިންނަތަން ފެންނާތީ އޭނާ ވެސް ފޯނެއް ގެންގުޅެން ބޭނުންވަނީހެން. އަހަރެން ބުނެފިން ޒަލީފު ގާތު ޒަލަފްއަށް ފޯނެއް ގެނެސްދިނުމަށް. އޭރުން ހީވޭ ޒަލަފްގެ ޚިޔާލު އަނެއްކާ ވެސް ބަދަލުވެދާނެހެން” އަރީޝާ ބުނެލިއެވެ.
“ވެދާނެ ގޮތެއް ތީ ވެސް… އޭނައަށް ފޯނެއް ގަނެދިނުމަކުން ގޯހެއްނެތް. އަރީޝާ… ދެން އޮށޯވޭ…” އަބްދުއްރަޢޫފާއެކީ އަރީޝާ އަލުން އެނދުގައި އޮށޯވެ ހަމަޖެހިލިއެވެ.
އަބްދުއްރަޢޫފު ފިޔަވާ އަރީޝާއަށް އަޅާލާނެ މީހަކު ޢާއިލާގައި ނެތެވެ. ދުނިޔޭގައި ހުރީ ހަމައެކަނި ބޮޑުދައިތަ ފަރާތުގެ ފިރިހެނެކެވެ. އޭނާއާއި އޭނާގެ ޢާއިލާ އެއްގޮތަކަށް ވެސް އަރީޝާއާ ގުޅުމެއް ބާއްވަން ބޭނުންނުވީއެވެ. އެހެންވެ އެންމެ ފަހުން އުފަން ރަށް ވެސް ދޫކޮށް އެހެން ރަށަކަށް ހިޖުރަކުރީއެވެ. އަބަދުގެއަބަދަށް ވަކިވާން ބޭނުންވެގެންނެވެ. ވީއިރު ފިރިމީހާ ނޫނީ އަރީޝާއަށް އެހީތެރިކަމެއް ފޯރުކޮށްދޭނޭ ހަމަ އެކަކު ވެސް ނެތީއެވެ. އަބްދުއްރަޢޫފުގެ ހާލަކީ ވެސް އެއީއެވެ. އޭނާއަކީ އަރީޝާއާ ޚިލާފަށް ކުޑަ ޢާއިލާއަކަށް އުފަން މީހެކެވެ. ރަށުގައި ތިބި އޭނާގެ ޢާއިލާގެ ހުރިހާ މެންބަރުންވަނީ މި ދުނިޔެއާ ވަކިވެގެން ގޮސްފައެވެ. އަބްދުއްރަޢޫފު ދިރިހުރިއްޔާ ހަމައެކަނި ދިރިހުރީ އޭނާގެ ލޯބިވާ އަނބިމީހާ އަރީޝާއަށްޓަކައެވެ. އެ ދެމަފިރިންގެ ހަޔާތް ފުރިފައިވަނީ ސިއްރުތަކުންނެވެ. އާދައިގެ އިންސާނެއްގެ ބުއްދިއަށް ޤަބޫލުކުރުން ކުޅަދާނަ ނޫން ސިއްރުތަކަކުންނެވެ. އާންމު އިންސާނުން އުޅޭ ފަދަ ދިރިއުޅުމެއް އުޅުމަށް އެ ދެމަފިރިން ނުހަނު މަސައްކަތް ކުރެއެވެ. ނަމަވެސް ދަރިންގެ މުސްތަޤުބަލާ މެދު އެ ދެމަފިރިންވަނީ އިންތިހާއަށް ކަންބޮޑުވެފައެވެ.
* * * *
ކޮންމެވެސް ވަރަކަށް ހާސްވެފައި ހުރެ ރީހާން އައިސް ޔަލާގެ ގާތުގައި މަޑުކޮށްލިއެވެ. އޭރު ޔަލާ އިން މޭޒުދޮށުގައި ތިބި އެހެން މީހުން އެތަނުން ހިނގައްޖެއެވެ. ފޯނާ ކުޅެން އިނދެފައި ޔަލާ އިސްއުފުލާލިއިރު ރީހާން އޭނާއާ ކުރިމަތިވާ ގޮތަށް ހުރި ގޮނޑީގައި އިށީންނަނީއެވެ.
“ހުރިހާ ކަމެއް މިހާރު ނިމުނީނު. އެންމެން ކައި ވެސް ނިމިއްޖެ” ދާން ބޭނުންވެފައި އިން ޔަލާ ބުނެލިއެވެ. އެހިނދު އޭނާއަށް ބަލަން އިން ރީހާން ހީނލިއެވެ.
“ތިބުނީ އަވަހަށް މިތަނުން ގެންދާށޭ ދޯ… އަނެއްކާ މީހުން ގިނަ ތަންތާގައި އުޅެން ޔަލާއަށް އުނދަގުލީތަ؟” ރީހާން ސަމާސާ ރާގެއްގައި ބުނެލިއެވެ.
“އެހެނެއްނޫން. މިހާ ރޭގަނޑުވަންދެން ގެއިން ބޭރުގައި ނޫޅޭތީވެ. އަނެއްކާ މަންމަ ކިތަންމެ ވަރުބަލިވިޔަސް ނުނިދާނެ އަހަރެން ގެއަށް ނުދަނީސް”
“ތިޔަހެންވެއްޖެއްޔާ އަވަހަށް ހިނގާ. މަންމައަށް އަރާމެއްނުދީ އެހާގިނައިރު އިންތިޒާރުކުރުވާކަށް ނުވާނެ” ރީހާންގެ އަތުގައި އޮތް ޕްލާސްޓިކު ފެންބޯ ތަށި މޭޒުމަތީ ބަހައްޓާލާފައި ތެދުވިއެވެ. ހިނިތުންވެލަމުން ޔަލާ ވެސް ތެދުވިއެވެ.
ހުރިހާ ޑޮކްޓަރުންނަށް ރޭގަނޑުގެ އެންމެ ފަހު ސަލާމްކޮށްފައި ޔަލާއާއިއެކު ރީހާން ހިނގައިގަތީ ހޮސްޕިޓަލުން ނުކުތުމަށެވެ. ވެހިކަލްތައް ޕާކުކޮށްފައި އޮތް ސަރަޚައްދުން ރީހާންގެ ކާރު ނެރިގެން އައިސް ހޮސްޕިޓަލުގެ ދޮރުމަތީ މަޑުކޮށްލިއެވެ. އެއާއެކު ޔަލާ ކުރީ ސީޓަށް އަރާ ދޮރުލައްޕާލާފައި ހަމަޖެހިލިއެވެ. ފަރިތަމަކަމާއެކު ރީހާން ކާރު އަނބުރާލާފައި ހޮސްޕިޓަލުގެ ގޭޓުން ނުކުންނަން ދިޔައެވެ.
ކާރު ދުއްވަން އިން ރީހާން ދޭތެރެއަކުން ސިއްރުން ޔަލާއަށް ބަލާކަމެއް އޭނާއަކަށް ފާހަގައެއް ނުކުރެވެއެވެ. އަނދިރި މަގުގެ ދެފަރާތުގައި ހެދިފައިވާ ބޯގަސްތައް ފިޔަވާ އިތުރުތަނެއް ނުފެނެއެވެ. ކާރުންވާ އައްޔެއް ފިޔަވައި މަގުގައި މާބޮޑު އަލިކަމެއްނެތެވެ. އެހެންނަމަވެސް އެ އަނދިރިކަމުގެ ތެރެއިން ޔަލާ ސިހިގެން ގޮސް ކުއްލިއަކަށް ހުންގާނުގައި ހިފަހައްޓާލައިގެން އިން ރީހާންގެ އަތުގެ މުލައްދަނޑީގައި ހިފާލެވުނެވެ. އެހިނދު ރީހާން ބުރަތްކަށް އޮބާލެވުނީ ބޭއިޚްތިޔާރުގައެވެ. ހުއްޓުނު ކާރާއެކު ދެ ޒުވާނުން ވެސް ކުރިއަށް އެއްލިގެން ދާ ގޮތް ވިއެވެ. ގެނައި އަވަސް ހަރަކާތާއެކު ރީހާންގެ އެއްއަތް ހުންގާނު ބުރުގައި ވިއްދާލުމާއެކު ޔަލާގެ އަތުގައި ހިފާ ދަމައިގަތެވެ. އެއާއެކު ޔަލާ އައިސް ޖެހުނީ ރީހާންގެ ގައިގައެވެ.
“ކިހިނެއްވީ؟” ހާސްވެފައި އިން ރީހާން ސުވާލުކުރިއެވެ. އައި ލޮޅުން ކެނޑުމުން ޔަލާ އަވަސްއަވަހަށް ރީހާންއާ ދުރަށް ޖެހިލާ ސީޓުބެލްޓު ރަނގަޅުކޮށްލިއެވެ.
“ހީވީ… ހީވީ މީހަކު ފެނުނުހެން… ކުއްލިއަކަށް ކާރާ ދިމާއަށް އައިހެން…” ޤަބޫލުނުކުރެވިފައި އިން ފަދަ ގޮތަކަށް ޔަލާ ކިޔައިދިނެވެ. އިސްޖަހާލައިގެން އިނދެ ވާހަކަދެއްކިއިރު އޭނާގެ ވާހަކަ ރީހާން ޤަބޫލުކުރާނޭ ކަމުގެ އެއްވެސް ޔަޤީންކަމެއް އޭނާގެ ނެތެވެ. އަނެއްކޮޅުން ޚުދު އޭނާއަށް ވެސް އެ ފެނުނު އެއްޗެއް ޔަޤީނެއް ނުވެއެވެ.
“އަހަރެން ވަރަށް ބަލައިގެން ކާރު މި ދުއްވަނީ. ކުރިމައްޗަށް މީހަކު އެރިނަމަ ފެނުނީސް… ކުރިކަނޑާލި ނަމަވެސް ހެޑްލައިޓަށް ނާރައެއް ނުދާނެ…”
“ކުރިމައްޗަކުން ނޫން… އެ ފަރާތުން… ވައަތް ފަރާތުން… ގަސްތަކުތެރެއިން…” ޖެހިލުންވެފައި އިންހެން ޔަލާ ވާހަކަދެއްކިއެވެ.
“އެހެންތަ؟ ވެދާނެ ގުރޫޕުގަނޑެއް މަޖާ ނަގަނީކަމަށް. މި ރަށުގައި ވެސް ކަމެއްނެތިފައި އުޅޭ ޒުވާނުން މިހާރު މަދެއްނޫން. ޕޮލިހުން ވެސް ގަސްތަކުތެރެއަށް ވަދެ ޗެކެއް ނުކުރާނެވިއްޔާ…” ރީހާންގެ ވާހަކައަށް ޔަލާ ހިނިތުންވެލިއެއް ކަމަކު އޭނާގެ މެޔަށް ފިނިކަމެއް ނުލިބުނެވެ. އަދި ވެސް އޭނާގެ ހިތް ރޯމަހެއްހެން ތެޅެނީއެވެ. ނަމަވެސް ރީހާންއަށް އެ ހިތުގެ އިހުސާސް ބަޔާން ކުރާކަށް ޔަލާ ބޭނުމެއްނުވިއެވެ.
“އަންހެންކުއްޖެއްތަ؟ ނޫން… އެއީ އަންހެނެއް… އެކަމަކު ވަރަށް ޒުވާންހެން ހީވަނީ… އޭނާ އެހާ ބާރަށް އެހާ އަވަހަށް ކާރާ ދިމާއަށް އައީ ކިހިނެއް؟ އެ ބޮޑު ހެދުމުގެ ފަސްބައިން އޭނާގެ ފައި އޮތީ ފޮރުވިފައި… އަނެއްކާ އޭނާގެ ފައި ހުރިބާ… އެ ދެ ލޯ ފެނިފައި އެ ހިސާބަށް ބަލާނެ ހިތްވަރެއް ނެތް… އާން! އަހަރެންގެ ހިތަށް ބިރުވެރިކަން ވަން… އަދިވެސް ހިތް އެހާ ބާރަށް އެ ތެޅެނީ ބިރުގަތްވަރުން… ރީހާން ބުނީ ތެދެއްކަންނޭނގެ… އެހެން ޤަބޫލުކޮށްލިއްޔާ ހިތަށް ހަމަޖެހުން ލިބޭނީ… އިތުރަށް އެކަމާ ވިސްނާކަށް ވެސް ބޭނުމެއްނޫން… މިހާ އަނދިރިވީމަ ހީވި ގޮތަކަށް ވެސް ވެދާނެ…” ދެ އަތްތިލަ ޖޯޑުކޮށްލައިގެން އިސްޖަހާލައިގެން އިން ޔަލާ ވިސްނަމުން ދިޔައެވެ.
“ޔަލާ! އިޓްސް އޯވަރ ނައު… ޔޫ އަރ ސޭފް ވިތް މީ… ސޯ ޑޯންޓް ވޮރީ…” ޔަލާ ހާސްވެފައި އިންހެން ހީވާތީ ރީހާން ބުނެލިއެވެ. އަދި ޔަލާގެ ކޮނޑުގައި މަޑުމަޑުން ޖަހާލިއެވެ.
“އަވަހަށް ގެއަށްދާން ބޭނުމީ” ޔަލާ ގަދަކަމުން ހިނިތުންވެލަން މަސައްކަތްކުރިއެވެ. ރީހާން އަވަހަށް ކާރު ދުއްވާލިއެވެ. އަދި ކުރިއަށްވުރެ ބޮޑަށް މަގުމައްޗަށް ސަމާލުވެލިއެވެ.
“މާދަމާ ހެނދުނު އަހަންނާއެކު ބްރޭކްފާސްޓަށް ދެވިދާނެތަ؟” ހިތުގައި އޮތް އެއްޗެއް ރީހާން ބޭރުކޮށްލިއެވެ.
“ކެފްޓީރިއާއަށްތަ؟ ކޮންބައެއް ދާނީ؟” ޔަލާ ސުވާލުކޮށްލީ ދޭނެ ޖަވާބެއް ނޭނގިގެންނެވެ. ހޮސްޕިޓަލުގައި ހުރިހާ ސްޓާފުންގެ ދުލުން ވެސް ރީހާންއަކީ ރަނގަޅު ޒުވާނެއްކަމުގައި ބުނެއެވެ. ވީއިރު އޭނާގެ ނުބައި ނިޔަތެއް އޮވެދާނެކަމާމެދު ސުވާލު އުފައްދަން ޔަލާ ބޭނުމެއްނޫނެވެ.
“ޔަލާ ބޭނުންގޮތެއް… އެހާ މީހުން ގިނަތަނަކަށް ދާން ބޭނުންނުވަންޏާ ހޮސްޕިޓަލުން ބޭރުން ވެސް ހަމަޖެހިދާނެ. ޔަލާ ބޭނުމިއްޔާ މީހަކު ގެންދެވިދާނެ… ތެދަށް ބުނަންޏާ އަހަރެންގެ އެގޮތަށް ގެންދާނޭ ގާތް ރަޙުމަތްތެރިއަކު ނެތް. އަހަރެންގެ ފުރަތަމަ ރަޙުމަތްތެރިއަކަށް ވާނީ ޔަލާ… ހޮސްޕިޓަލުގައި އުޅުނަސް މީހުންނާ ސަމާސާކޮށް ހުސް އަނގަތަޅަން ހުންނަ މީހެއްނޫން އަހަންނަކީ. ބަޓް އައި ތިންކް މައި ލައިފް އިޒް ލޯންލީ އެންޑް ބޯރިންގ… ޔަލާ އަހަރެންގެ ރަޙުމަތްތެރިއަކަށް ވާނަންތަ؟” ރީހާންގެ ލޮލުގައިވާ އުންމީދުގެ ކުލަވަރު ޔަލާއަށް ފެނިގެންދިޔައެވެ. އޭނާއަށް ރީހާންގެ ވާހަކަ ޤަބޫލުކުރެވުނެވެ. ޔަލާގެ ވެސް މާގިނަ ރަޙުމަތްތެރިންނެއް ނެތެވެ. މަސައްކަތުގެ މާޙައުލުގައި ރައްޓެއްސަކު ހޯދުމަށް ކުޑަކޮށް ޔަލާއަށް ވިސްނާލެވިފައެއް ނުވެއެވެ. އެކުވެރިއަކަށް ބޭނުންވެފައި ހުރި ރީހާންއަށް ބަލާލަމުން ޔަލާ ހިނިތުންވެލިއެވެ. އަދި ސަލާމަށް އަތްދިއްކޮށްލިއެވެ.
“ނައު ވީ އަރ އޮފިޝަލީ ފްރެންޑްސް” ޔަލާގެ އަތުގައި ރީހާން ހިފައި ސަލާމްކޮށްލުމާއެކު ޔަލާ ބުނެލިއެވެ.
ޔަލާގެ ގެއަށް އާދެވުމާއެކު އޭނާ ކާރުން ފައިބައިގެން ގޮސް ދޮރޯށި ހުޅުވާލިއެވެ. އަދި އެތެރެއަށް ވަނުމުގެ ކުރިން ފަސްއެނބުރި ބަލާލާފައި ރީހާންއަށް އަތްހޫރާލަމުން “ގުޑްނައިޓް” ބުނެލިއެވެ. ޔަލާ އެތެރެއަށް ވަދެ ދޮރޯށި ލައްޕަންދެން ރީހާން މަޑުކޮށްލައިގެން އިނުމަށްފަހު ދުއްވާލިއެވެ.
ޔަލާ ހީކުރި ފަދައިން އޭނާގެ މަންމަ ޞާބިރާ ސޯފާގައި އިށީނދެލައިގެން ޔަލާ ގެއަށް އަންނާނެ އިރެއްގެ އިންތިޒާރުގައި އިނެވެ. ދޮރޯށި ލައްޕާ ތަޅުލުމާއެކު ޔަލާ އައިސް ސިޓިންރޫމު ދޮރުން އެތެރެއަށް ވަދެ ޞާބިރާއަށް ގޮވާލައިފިއެވެ.
“ދަރިފުޅު އަންނާނެ އިރެއް ނޭނގިގެން މަންމަ މި އިންނަނީ” ޞާބިރާ ސޯފާއިން ތެދުވަމުން ބުނެލިއެވެ. އޭރު އަތުގައި ޓީވީ ރިމޯޓު އޮތެވެ.
“އަހަންނަށް އެނގުނޭ މަންމަ ނުނިދާނެކަން އަހަރެން ގެއަށް ނާންނަނީސް. އަދިވެސް އެތަނުގައި މީހުން އެބައުޅޭ އެކަމަކު އަހަރެން މިއައީ ލަސްވާތީ… ރީހާން އެ ދިޔައީ އަހަރެން ގެއަށް ލާދީފައި. މަންމަ ދާންވީނު ނިދާލަން. އަހަރެން ވެސް މިދަނީ ކޮޓަރިއަށް. ހެނދުނު ޑިއުޓީއަށް ދާންޖެހޭނެ” ޔަލާ އޭނާގެ މަންމައާ ލުއި ހިނިތުންވުމެއް ބަދަލުކޮށްލުމާއެކު ސިޑިއާ ދިމާއަށް ހިނގައިގަތީ ޞާބިރާ ވެސް ބޯޖަހާލީމައެވެ.
ކޮޓަރިއަށް އައިސް ވަނުމާއެކު ދޮރު ތަޅުލާފައި ޔަލާ އުޅުނީ އެއްޗެހި ބަދަލުކޮށްލައިގެން ފެންވަރާށެވެ. ބޮލުމެދަށް ހުޅިއެއް ޖަހާލުމާއެކު ފާޚާނާއަށް ތުވާލި ހިފައިގެން ވަނެވެ. ފެންވަރަން ހުރިއިރު އޭނާއަށް ވިސްނެމުން ދިޔައީ ރީހާންއާއެކު ކާރުތެރޭގައި އިންދާ ފެނުނު އަންހެންކުއްޖާއެވެ. ހަނދާންނައްތާލަން ބޭނުންވި ނަމަވެސް އެކަމެއް ޔަލާއަކަށް ނުވިއެވެ. ހަޔާތުގައި ލޮލަށް ފެނުނަސް ޤަބޫލުކުރަން ދަތި ކަމަކާ ދިމާ މިވީ އަދި ފުރަތަމަ ފަހަރަށެވެ. އެހެންވެ އެކަން ޔަލާއަށް ހަނދާންނައްތާލެވޭނީ ކިހިނެއް ހެއްޔެވެ. ހިތް ބިރުގަންނަން ފެށުމުން އަވަސް އަވަސްކޮށްލައިގެން ޔަލާ ފާޚާނާއިން ނުކުތެވެ.
ނިދަންލާ ޓީޝާޓުކޮޅާއި ކުރު ސޯޓުކޮޅާއެކު އެނދަށް އަރާ ހަމަޖެހިލާފައި ޔަލާ ފޯނަށް ބަލާލިއެވެ. ޑޭޓާ އޮންކޮށްލިއިރު ވައިބަރގައި ހަދާފައިވާ ޑޮކްޓަރުންގެ ގުރޫޕަށް ސަތޭކައަށްވުރެ ގިނަ މެސެޖު އައިސްފައިވެއެވެ. އެހެންނަމަވެސް ގުރޫޕު ހުޅުވާލުމުގެ ބަދަލުގައި ޔަލާ ތުންފިއްތާލާފައި ފޯނު ބޭއްވިއެވެ. އުންމީދުކޮށްގެން ހުރީ އެހާއިރު ވާއިރު ޒަލަފް ގުޅާނެ ކަމަށެވެ. ނޫނީ މެސެޖެއް ވިޔަސް ކުރާނެކަމަށެވެ. ޔަލާ މާޔޫސްވީ އެއިން އެއްވެސް އިޝާރާތެއް ނުވީމައެވެ. އެއްފަރާތަށް އޮވެލާފައި އަނެއްފަރާތަށް އެނބުރިލިއެވެ. ވަރުބަލިކަން އިހުސާސްވެފައި ހުއްޓެއްކަމަ ޔަލާގެ ލޮލުގައި ނިންޖެއް ނެތެވެ. މާބޮޑަށް ޒަލަފްގެ ޚިޔާލު ސިކުނޑިއަށް ވެރިވެގަތީއެވެ.
ކޮޓަރީގައި ޓަކިޖަހާއަޑު އިވޭހެން ހީވެ ޔަލާ ލޯ ހުޅުވާލިއެވެ. އޭނާގެ ކަންފަތުގައި ރިންގުވަމުން ދިޔަ ފޯނާއި ދޮރުގެ އަނެއްފަރާތުން ގޮވަމުން ދިޔަ ލުހާގެ އަޑު އައިސް ޖެހުނީ އެއްކޮށެވެ. ފުންމައިގެން ތެދުވެ އެނދުގައި އިށީނުމާއެކު ފުރަތަމަ ވެސް ބާލީސް ކައިރީ އޮތް ފޯނު ނަގާ ބަލާލިއެވެ. އެއިން އިވެމުން ދިޔައީ އެލާމުގެ އަޑެވެ. ފޯނުގެ އެލާމު ނިއްވާލާފައި އެނދުން ފުއްމާލައިގެން އައިސް ކޮޓަރީގެ ދޮރު ޔަލާ ހުޅުވިއެވެ.
“އެނގޭތަ ގަޑިން ވީއިރު؟ ކިހާ އިރެއް ޔާލްއަށް ގޮވާތާ؟ މަންމަ ވެސް އެ ދިޔައީ ޔާލްއަށް ގޮވަގޮވާފައި…. ތީ އެހާ ނިދިގަދަ މީހެއް ނޫން. ރޭގައި އަނެއްކާ ކިހިނެއްވީ؟ އަހަންނަށް ޚަބަރެއް ވެސް ކޮށްނުލާ ޔާލް ދިޔައީ” ހޫނު ކޮފީމަގު ހިފައިގެން ހުރެ ޔަލާގެ ފަހަތުން އެ ކޮޓަރިއަށް ވަންނަމުން ލުހާ ވާހަކަދެއްކިއެވެ.
“ރޭގައި އެހާ ލަހުން ނިދީމަ ކަންނޭނގެ ނުހޭލެވުނީ. އެހެންވެއޭ އަހަރެން ނުދާން އުޅުނީ ވެސް… މިއަދު ދެން ގަޑި ނުޖެހިދެވޭނީ ހަމަ ކިރިޔާ” އަތްމަތި އަވަސްކޮށްލާފައި ޑިއުޓީއަށް ދާން ހެދުމެއް ތައްޔާރު ކުރަމުން ޔަލާ ވާހަކަދެއްކިއެވެ. އޭރު ރީތިވާ މޭޒުގެ ގޮނޑީގައި ލުހާ އިށީނދެގެން ދެއަތުން ކޮފީމަގު ހިފަހައްޓާލައިގެން އިނެވެ. އޭނާއަށް ބުނަންވީ އެއްޗެއް ނޭނގިފައި އިންހެނެވެ.
އެގޮތް މިގޮތުން ޔަލާ ތައްޔާރުވެ ނިމުނުއިރު ސައިބޮއެގެން ދާނޭހާ ވަގުތެއްނެތެވެ. އެހެންވެ ކޮޓަރި ވެސް ތަރުތީބު ކުރުމެއްނެތި ސްކޫޓަރުގެ ތަޅުދަނޑިއާއި އަތްދަބަސް ހިފައިގެން ހޮސްޕިޓަލަށް ދިއުމަށް ނުކުތެވެ. ބަދިގޭގައި އުޅުނު ޞާބިރާއަށް ޔަލާ ދަނީކަން އެނގުމުން ދަރިފުޅަށް ގޮވާލާފައި ސައިފޮދެއް ހަމަ ބޯނުލާނަންތޯ އަހާލިއެވެ.
“އެހާ ވަގުތެއްނެތޭ މަންމާ… މިހާރު ނުކުމެގެން ކިރިޔާ އެ ހިސާބަށް ފޯރާނީ” ކޮރަމުން ކޮރަމުން ކަހަލަ ގޮތަކަށް ޔަލާ ދެފައިތިލައަށް ބޫޓު ހެޔޮވަރުކޮށްލިއެވެ.
ޞާބިރާއާއި ލުހާއާ ދެމައިން ދޮރޯށި ދޮށުގައި ޔަލާ ސްކޫޓަރަށް އަރައި ދުއްވާލިއިރު ވެސް ތިއްބެވެ. ގޭތެރެއަށް ވަނީ އެ މީހުންގެ ލޮލުކޮޅަށް ޔަލާ ގޮސް އޮބާލުމުންނެވެ.
“ޑިއުޓީ ނިންމާފައި އަންނައިރު ހުންނާނީ ވަރަށް ބަނޑުހައިވެފައި، ނޭނގެ އެކޮޅުން އެއްޗެއް ކާނެކަމެއް ވެސް. ސިތާރާ ޑިއުޓީގައި އުޅޭތޯ ބަލަންވީ. އޭރުން އޭނާއާއެކު ޔަލާ ހިނގައިދާނެ އެއްޗެއް ކާލަން…. ނޫނީ ހަތަރުދަމު ހުރެދާނެ ބަނޑަށް. ދެން އުޅޭނެ ބަނޑުގައި ރިއްސާތީ” ލުހާއާއިއެކު ބަދިގެ ފަރާތަށް ދަމުން ޞާބިރާ ބުނެލިއެވެ.
ޕާކިން ސަރަޙައްދުގައި ސްކޫޓަރު ބަހައްޓާފައި ދުވަމުން އައިސް ޔަލާ ހޮސްޕިޓަލުގެ މައި ދޮރުން އެތެރެއަށް ވަނެވެ. އަދި ހަލުވިކަމާއެކު ޑޮކްޓަރުންގެ އިދާރީ ބަޔަށް އައިސް ވަނެވެ. ކާޑުޖަހާ މެޝިނަށް ޔަލާގެ ކާޑު ދިއްކޮށްލުމާއެކު ގަޑި ބަލާލިއެވެ. އޭނާގެ ނަސީބު ރަނގަޅީއެވެ. އަށްގަޑި ފަނަރައަށް އަންނަންޖެހޭ އިރު ކާޑު ޖެހުނީ އަށްގަޑި ސާދައިގައެވެ. ގަޑި ނުޖެހި ސަލާމަތްވީ ހަމަ ކިރިޔާއެވެ. ލިބުނު ހިތްހަމަޖެހުމާއެކު ޔަލާއަށް ހިނިތުންވެލެވުނެވެ. ދެން އޭނާ އައިސް ބަލާލީ ޑޮކްޓަރުންނަށް ޚާއްޞަކޮށްފައިވާ ޑައިލީ ޓާސްކު ބޯޑެވެ. އަތްދަބުން ނޯޓުފޮތް ނެގުމާއެކު އޭގައި ޔަލާއަށް މުހިންމު ކަންކަން ނޯޓުކޮށްލާފައި އޭނާ އިދާރީ އޮފީހުން ނުކުތެވެ.
“ގުޑް މޯނިންގ ޑޮކްޓަރ” ޑރ.ވިޖޭގެ ކެބިންއަށް ވަންނަން ދޮރުހުޅުވާލުމާއެކު ޔަލާ ބުނެލިއެވެ. އޭރު ޑރ.ވިޖޭ އިނީ ފޯނެއްގައި ކަމަށް ވިޔަސް ޔަލާއަށް ބޯޖަހާލަމުން ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ޔަލާ އައިސް އޭނާގެ މޭޒުގެ ދޮށުގައި އިށީނެވެ. އެހިނދު މޭޒުމަތީ އޮތް ބަލިމީހުން ބަލާ ކަށިގަނޑު ފެނިފައި ޔަލާގެ ޑޮކްޓަރ ކޯޓު ނުލާ އާދެވުނުކަން ހަނދާންވީ ދެނެވެ. އަމިއްލައަށް ނިތްކުރީގައި މަޑުމަޑުން ޔަލާ ޖަހާލިއެވެ. އެއާއެކު ޑރ.ވިޖޭގެ ކިހިނެއްތޯވީ އަހާލި އަޑު އިވުނެވެ. ވީގޮތް ޔަލާ އޮޅުން ފިލުވައިދިނުމުން ޑރ.ވިޖޭ ޔަލާއާ ސުވާލުކުރީ ރޭގައި ބާބެކިއުއަށް ފަހު ރީހާންއާ ދެ މީހުން ކުރީ ކީއްތޯއެވެ. އެ ސުވާލާއެކު ޔަލާގެ މޫނަށް ހައިރާންކަން ވެރިވެގެން ދިޔަތަން ފެނުނެވެ.
“ސޮރީ…” ހައިރާންވެފައި ޑރ.ވިޖޭއަށް ބަލަން އިނދެ ޔަލާއަށް ބުނެލެވުނެވެ.
“ހީ އިޒް އިން ޝިޔާރް އޮފީސް، ލުކިންގ ސްޓްރެސް، އައި ޑޯންޓް ތިންކް ހީ ވެންޓް ހޯމް” ޑރ.ވިޖޭގެ ވާހަކަތަކުން ޔަލާގެ ސިކުނޑިއަށް ޖަވާބުނޭނގޭ ސުވާލުތަކެއް ޖަމާވާންފެށިއެވެ. ރީހާން ކޮބައިތޯ ބަލަން އޭނާ ބޭނުންވިއެވެ. ރޭގައި ޔަލާ ގެއަށް ލާފައި އޭނާ ކާރު ދުއްވާލީ ހެނދުނުން ޔަލާއާ ބައްދަލު ކުރާނަން ކަމުގައި ބުނެފައެވެ. ވީއިރު އޭނާ ގެއަށް ނުދެއޭ ޑރ.ވިޖޭ އެ ބުނާ ބުނުން އެއްގޮތަކަށް ވެސް ޔަލާއަކަށް ނުވިސްނުނެވެ. ޔަލާއަށް އެއްވެސް ކަމެއް ނޭނގޭކަމުގައި ބުނެލަމުން އޭނާ ޑރ.ވިޖޭގެ ކެބިންއިން ނުކުތީ ޑަކްޓަރުންގެ އިދާރީ އޮފީހަށް ގޮސް އޭނާގެ ހުދު ކޯޓު ނެގުމަށެވެ. ބަލިމީހުންނާ ހަމައަށް ދިއުމުގެ ކުރިން އެ ލުމަކީ ހޮސްޕިޓަލުގެ ޤަވާޢިދުގެ އެއްބައެވެ.
“އޭތް! ރީހާން ދުށިންތަ؟ އެހާ ކެޝުއަލްއަލްކޮށް ހުރީމަ މިއަދު އަދި ވަކިން ރީތިހެން ހީވަނީ…. ބޮސް ޗުއްޓީނެގީ ކަންނޭގެ”
ނަރުސް ކައުންޓަރުގެ ކައިރިއަށް އައިސް ހުއްޓިލި ކުއްޖަކަށް އެތެރޭގައި އިން ނަރުސް ކުއްޖާ ބުނި އަޑު ޔަލާއަށް އިވުނެވެ. އެއާއެކު އިތުރަށް ޔަލާގެ ހިތް އަވަސްވިއެވެ. ރީހާން ހަޤީޤަތުގައި ވެސް ޗުއްޓީ ނެގީބާއޭ ޔަލާގެ ހިތަށް އަރަންފެށިއެވެ.
“ޗުއްޓީ ނަގާ ވާހަކައެއް ނުބުނޭ… އަނެއްކާ ހެނދުނު ސައިބޯންދާން ބުނެފައި އަހަރެން ނުގޮސްދާނެތީބާ ޗުއްޓީގައޭ ނުބުނީ، އެކަމަކު ޑރ.ވިޖޭ ވެސް ނުބުނޭ ރީހާން ޗުއްޓީގައި ހުރި ވާހަކައެއް… ކިހިނެއް ވެގެންބާ މިއުޅެނީ. ރީހާންއާ ބައްދަލު ކުރަންވީ ކަންނޭނގެ. ނޫން! އޭރުން ކަމަކު ނުދާނެ… ރީހާން އަންނާނެ އަހަރެން ހޯދަން. ސައިބޯންދާން ބޭނުންނަމަ ޔަޤީން އޭނާ އަންނާނެކަން” ޚިޔާލުތަކަށް ގެއްލިފައި ހުރެ ޔަލާ އައިސް އޭނާގެ ލޮކަރުން ކޯޓު ނެގިއެވެ.
އިދާރީ އޮފީހުން ނުކުންނަމުން ޔަލާ ގަޔަށް ހެޔޮވަރުކޮށްލި ކޯޓާއެކު އަތުގައި ބަލި މީހުން ބަލާ ކަށިގަނޑު އޮތެވެ. އިސްޖަހާލައިގެން ކުރިއަށް ދާން އަޅާލި ފިޔަވަޅާއެކު ކުރިމައްޗަށް މީހަކު ހުއްޓުން ޔަލާ އިސްއުފުލާލިއެވެ. އޭރު ނިކަން ހިނިއައިސްފައި ޝިޔާރު ހުއްޓެވެ. އޭނާ އެއްފަރާތަށް ޖެހިލަމުން އެއްއަތުން އިޝާރާތްކޮށްލީ ކުރިއަށް ދިއުމަށެވެ. ނަމަވެސް އޭނާގެ ތުންފަތުގައިވި ހިނިތުންވުން ޔަލާއަށް އުނދަގޫ ކުރުވިއެވެ. އެކަން ފާހަގަ ކުރެވުނުކަން ސިއްރުކުރަމުން ޔަލާ ހިނގައިގަތެވެ. ހަމަ އެވަގުތު ޝިޔާރު ވާހަކަދެއްކިއެވެ.
“ރީހާން އެބައިން އޭނާގެ އޮފީހުގައި. ޔަލާއާ ބައްދަލުކޮށްލަން އޭނާ ބޭނުންވޭ” ޝިޔާރު ބުނި އެއްޗެއް އިވިފައި ޔަލާގެ ކަނދުރާގައި ހުރި ހުރިހާ ލޯލިތައް ސަމާލުކަމަށް އައި ކަހަލައެވެ. އަވަސްއަވަހަށް ފަހަތަށް އެނބުރި ޝިޔާރަށް ބަލާލުމާއެކު ޔަލާ ބޯޖަހާލިއެވެ. އޭރު ވެސް އޭނާ ހުރީ ފާޑެއްގެ ހިންޏެއް އައިސްފައެވެ. ޔަލާ ބެލީ އަވަހަށް ޝިޔާރުގެ ކުރިމަތިން ދެވޭތޯއެވެ.
“އައްސަލާމް ޢަލައިކުމް…” ރީހާންގެ ކެބިންގެ ދޮރުގައި ޓަކި ޖަހާލުމާއެކު ކުޑަކޮށް ދޮރުހުޅުވާލާ އެތެރެއަށް ބޯދިއްކޮށްލަމުން ޔަލާ ސަލާމް ގޮވާލިއެވެ.
ގޮނޑިއަށް ހަށިގަނޑު ދޫކޮށްލައިގެން އިން ރީހާން ހަމަޖެހިލިއިރު ދޮރުމަތީ ހުރީ ޔަލާކަން އެނގުމުން އޭނާގެ މޫނުމަތިން ފެނިގެން ދިޔައީ ހައިރާންކަމެވެ. އެއާއެކު ޔަލާ އަވަސްއަވަހަށް ވާހަކަދެއްކިއެވެ.
“ޝިޔާރު ސަރ ވިދާޅުވީ ރީހާން އަޅުގަނޑާ ބައްދަލުކުރައްވަން ބޭނުންވެލައްވާކަމަށް” ޔަލާ މިހެން ބުނުމާއެކު ރީހާންގ ތުންފަތަށް ވެސް ވެރިވެގެން ދިޔަތަން ފެނުނީ ހިނިތުންވުމެކެވެ. ނަމަވެސް އޭނާ އެ ހިނިތުންވުން ޔަލާއަށް ފޮރުވަން މަސައްކަތްކުރިއެވެ. އަދި އެއްއަތުން ޔަލާއަށް އިޝާރާތްކޮށްލީ އެތެރެއަށް ވަނުމަށެވެ.
“ހެނދުނު ސައި އަހަންނާއެކު ނަގަން އެއްބަސްވެފައި ތިހުރީ. އެހެންވީމަ ކޮންއިރަކުން ދާނީ”
“އަޅުގަނޑު…”
“ޔަލާ، މިތާ އަހަރުމެން ދެ މީހުން ފިޔަވާ އިތުރު މީހަކު ނެތެއްނު، ދެ ރައްޓެހިން ވާހަކަދައްކާއިރު ކޮން އަޅުގަނޑެއްތަ، އާދައިގެ ގޮތަކަށް ވާހަކަދެއްކީމަ ގާތްކަމެއް އަހަންނަށް ފީލްކުރެވޭ… ސޯ ޕްލީޒް… ކަޓް ދި ފޯމައިލިޓީސް”
“ނުވައެއްޖެހީމަ ޝިފްޓު ފެށޭނީ، ޕޭޝަންޓްސް ބަލަން ފެށީމަ ދެން ބްރޭކަށް ދެވޭނީ މެންދުރު” ޔަލާ ވާހަކަދެއްކި ނަމަވެސް އޭނާއަށް އޮޅުންނުފިލާކަމެއް އޮތެވެ. އެހެންވެ އެ ސުވާލު ރީހާންއާ ކޮށްލިއެވެ.
“ރީހާން ޗުއްޓީ ނެގީތަ؟”
“ނޫން! ކިހިނެއްވީ؟ އަނެއްކާ ޗުއްޓީ ނަގަންވީތަ؟ މާގިނައިން މިތަނުންފެންނާތީ ކަމުނުދަނީ ދޯ” ސަމާސާ ރާގެއްގައި ރީހާން ބުނެލިއެވެ.
“އެހެންޏާ ފެންނަ ރަސްމީ ގޮތް މިއަދު ނުފެންނާތީ؟ ރޭގައި މިކޮޅުގައި އެމަރޖެންސީއެއް އޮތީތަ؟ ޑރ. ވިޖޭ ވެސް ސުވާލުކުރި ރީހާންއާއެކު ރޭގައި ދިޔައީ ކޮންތަކާކަށްތޯ؟”
“އޯ! ތީ ބޮޑު ވާހަކައެއް… މިހާރު މި މަޑުކޮށްލަނީ ޔަލާއާއެކު ސައިބޯންދާން ބުނެވިފައި އޮތުމުން. ސައިބޯން ގޮސްފައި ޔަލާއަށް ކިޔައިދޭނަން. މިހާރު ދިޔައީމާ ކަންނޭނގެ ނުވައެއް ޖަހަންވާއިރަށް އާދެވޭނީ… ހިނގާ ދަމާ ދޯ”
“އަންނާނަން ވިޖޭ ގާތު ބުނެލާފައި”
“ނޫނޭ ރަނގަޅުވާނެ، އަހަރެން ވިޖޭއަށް މަސެޖުކޮށްލަފާނަން. ޔަލާގެ ޖެކެޓާއި ސްޓެތެސްކޯޕު މިކޮޅުގައި ބާއްވަލަންވީނު. ސައިބޮއެގެން އައިސް ނެގޭނެއެއްނު” ރީހާން ބުނުމުން އެކަމަކާ ދެކޮޅު ހަދަން ޔަލާއަށް ފަސޭހައެއްނޫނެވެ. އެހެންވެ ލައިގެން ހުރި ހުދު ކޯޓާއި ބަލިމީހުން ބަލާ ކަށިގަނޑު ރީހާންގެ މޭޒުމަތީ ބާއްވާފައި އޭނާއާއެކު ޔަލާ ނުކުތެވެ.
ރީހާންގެ ކާރުގައި ދެ ޒުވާނުން އައިސް މަޑުކޮށްލީ ރެސްޓޯރެންޓެއްގެ ކުރިމައްޗަށެވެ. ޔަލާ ފޭބުމުން ކާރު ޕާކުކޮށްލާފައި ރީހާން އައިސް ޔަލާއާއިއެކު ރެސްޓޯރެންޓުގެ މަތީ ފަންގިފިލާއަށް އެރިއެވެ. ހެނދުނުގެ ސަޔަށް ކަމުދާނޭ ތަފާތު ވައްތަރުތަކުގެ ބުފޭއެއް އެތަނުގައި ނެރިފައި ހުއްޓެވެ. ރީހާންއާއިއެކު ބުފޭގެ މޭޒާ ކައިރިވެލުމާއެކު ތަފާތު ވައްތަރުތައް ތައްޓަށް އަޅައިގެން ރީހާން ޚިޔާރު ކުރީ މޭޒު ދޮށުގައި ޔަލާ އިށީނެވެ. އެކަކު އަނެކަކަށް ކުރިމަތިވާ ގޮތަށެވެ.
“މިހާރު ސައިބޯން ވެސް ފެށުނީނު، ދެން ކިޔައިދީބަލަ ރޭގައި ލައިގެން ހުރި ހެދުމުގައި މިއަދު އޮފީހަށް އަންނަން ޖެހުނު ގޮތް” ޔަލާ ބުނެލިއެވެ.
“ޔަލާއަށް ޤަބޫލެއްނުކުރެވޭނެ ރޭގައި ދިމާވިކަންތައް ކިޔައިދިނަސް، މަށަށް ވެސް ޤަބޫލުކުރަން ދަތިވި…”
“އަޅެ ކިޔައިދިނީމައެއްނު އެނގޭނީ” ރީހާންގެ ވާހަކަ އަޑުއެހުމަށް ޔަލާ ޝައުގުވެރިވިއެވެ.
“ރޭގައި ޔަލާ ލާފައި އަހަރެން ވެސް ގެއަށްދާން ވެގެން ނައްޓާލީ، އަހަރުމެން ހޮސްޕިޓަލުން ނުކުމެގެން އައި ބޮޑު މަގުން ލާފައި އަހަރެން އެނބުރި ދިޔައީ ވެސް، އެކަމަކު ވަކި ހިސާބަކުން އަހަރެން ދުއްވާ ދުއްވާ ވެސް ގެއަކަށް ދެވޭގޮތެއްނުވި، މަގުގެ ނިމޭ ހިސާބެއް ކައިރީގައި އިތުރުމަގެއް އޮތްތަނެއް ވެސް ނުފެނުނު، ފޯނު ބަލާލިއިރު ރޭންޖެއް ވެސް ނުލިބޭ، ހަދާނެ ގޮތެއް ނޭނގިގެން އިރުކޮޅަކު ކާރު މަޑުކޮށްލައިގެން އިނީ… ފޯނުން ޖީޕީއެސް މެޕު ބަލާލިއިރު ކައިރީގައި އިތުރު މަގުތައް ހުރި ކަމަކަށް ދައްކާ، އެކަމަކު އަހަންނަކަށް މަގެއް ނުފެނޭ… ދެން އަނެއްކާ ވެސް ކާރު ދުއްވާލީ… ކާރުދުއްވަނިކޮށް ފަތިސް ނަމާދު ބަންގީގެ އަޑު އިވުނީ… އެއާއެކު ދެން އެނގުނީ ދުއްވަމުން ދުއްވަމުން އައިސް އެކޮޅުއަވަށުގައި ހުރި މުސްކުޅި މިސްކިތުގެ ކައިރިއަށް އާދެވިފައި ހުރިކަން. އެއީ ކޮން ހިސާބެއް… ދެން އަވަހަށް ގެއަށް ނުގޮސް އައީ ހޮސްޕިޓަލަށް… އަސްލު ގެއަށް ދާން ހިތަށް އެރުމުގެ ކުރިން ހަނދާންވީ ހޮސްޕިޓާ މަތިން. އޭރު އައިގޮތަށް ހޮސްޕިޓަލުގައި މި އިންނަނީ…”
“ރީހާންއަށް މަގު އޮޅުނީތަ؟ ބޮޑެތި މަގުތަކުގައި ތާރު އެޅިފަހުން އަދި ބޮކި ދަނޑިތަކެއް ހުރިހާ ހިސާބަކު ހަރެއް ނުކުރެއެއްނު” ޔަލާ ބުނެލިއެވެ.
“އެއްގޮތަކަށް ވެސް ނޭނގެ އެވީގޮތެއް. މިރަށުގައި ދުއްވަން ނޭނގޭ މަގެއް ނޯންނާނެ… އަހަރެން އެވާހަކަ ކިޔައިދިނީމައި ޑރ.ވިޖޭއާއި ޝީޔާރު ވަރަށް ދިމާކުރި…. އަސްލު އަހަންނެއް ނުބުނަން ޔަލާއާ ބައްދަލުކުރާކަށް، ޝިޔާރު ޖެއްސުމަށް ކުރިކަމެއް އެއީ… އަހަރެން ހުރީ ސަޔަށްދާން ހަނދާންކޮށްދޭން ޔަލާއަށް ގުޅަންވެގެން. އެމީހުން ބުނީ ޔަލާއަކީ އާދައިގެ އަންހެންކުއްޖެއް ނޫންވީމައޯ އެކަހަލަ ކަމެއް އެ ދިމާވީ…” ރީހާންގެ ވާހަކަ ނިންމާލީ ލުއި ހީނލުމަކުންނެވެ.
ހިނިތުންވެލި ނަމަވެސް ޔަލާގެ ހިތް ނުތަނަވަސްވިއެވެ. ލޮލަށް ނުފެންނަ ރޫޙާނީ ކަންކަން ޔަލާ ވެސް ޤަބޫލުކުރެއެވެ. އެކަމަކު ދުވަހަކު ވެސް އެފަދަ ކަމެއް އޭނާއާ ދިމާއެއް ނުވެއެވެ. އެހެންވެ އެފަދަ ކަމަކުން ކުރެވޭ އިހުސާސަކީ ކޮބައިކަން ދެނެގަންނާކަށް ޔަލާއަކަށް ނޭނގެއެވެ. އެހެންވިޔަސް ޔަލާއަށް ވިސްނާލެވުނީ ރޭގައި ރީހާންއާއެކު ކާރުގައި އަންނަނިކޮށް ފެނުނު އަންހެންކުއްޖާ މަތީންނެވެ. އާދައިގެ އިންސާނަކަށް މަގުގެ އަނެއްފަރާތުގައި ހުރެފައި ނާދެވޭނެހާ ބާރަށް އެހާމެ ހަލުވިކޮށް އެ އަންހެންކުއްޖާ ކާރާ ދިމާއަށް އައިގޮތެވެ. އަލުން އެކަން ރީހާންއަށް ހަނދާންކޮށްދޭން ޔަލާ ބޭނުންނުވާތީ އޭނާ އެ ވާހަކައެއް ނުދެއްކިއެވެ. އަމިއްލަ ސިކުނޑީގައި ފޮރުވާލާފައި ބޭއްވިއެވެ.
“އެކަމާތަ ތި ވިސްނަނީ… އެކަން އެ ނިމުނީނު. އެކަމަކު ބުނަން. އަހަރެން ކުރާނެ އެއްވެސް ކަމެއްނެތް ޝިޔާރާއި ޑރ.ވިޖޭ ކުރާ ކަންތައްތަކަށް. އެ ދެ މީހުން އެ ތިބީ އަހަންނާ ދިމާކޮށްލާފައި. ޔަލާ ގޮވައިގެން ރޭގައި ބާބެކިއުއަށް ދިޔައިމައާއި މިކަންތައް ދިމާވީމަ… ޕްލީޒް ޑޯންޓް މައިންޑް ދެމް. އަހަރެން ޔަލާގެ ފަރާތުން ކަމެއް ބޭނުންނަމަ ޔަލާގެ ފޯނަށް މީގެ ފަހުން ގުޅާފައި ބުނާނީ” ހިނިއައިސްފައި އިނދެ ރީހާން ބުނެލިއެވެ. އޭނާގެ ވާހަކަތައް އަޑުއަހަން އިންއިރު ޔަލާއަށް ރީހާންގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިނދެވުނެވެ. ސީރިއަސް ގޮތެއް ހުންނަ ރީހާންގެ އަސްލު ސިފައަކީ މިއީބާއޭ ޔަލާގެ ހިތަށް އަރަމުންދިޔައެވެ.
“ކީއްވެ އަނގައިން ނުބުނެ ތި އިންނަނީ؟” ޔަލާގެ ހިމޭންކަން ރީހާންއަށް ކަމަކު ނުދިޔައެވެ.
“ކަމެއްނުވޭ. ބުނާނެ އެއްޗެއް ނޭނގޭތީ އިނދެވުނީ” ޔަލާ ހިނިތުންވެލިއެވެ.
ރީހާންއާއި ޔަލާ ސައިބޮއެގެން ނުކުމެ ކާރަށް އަރައި ދުއްވާލީ އެނބުރި ހޮސްޕިޓަލަށް ދިއުމަށެވެ. ދިޔަ މަގުމަތީގައި ވެސް ޔަލާ އެއްވެސް ވާހަކައެއް ނުދައްކައެވެ. ރީހާން ދެތިން އެއްޗެއް ބުނެލާފައި ހިމޭނުންއިނެވެ. އެދެމެދުގައިވި ހިމޭންކަން ފަޅުފިލުވަމުން އޭރު ދިޔައީ ކާރުގައި ޖަހާފައި ހުރި ލަވައިންނެވެ.
* * * *
ރީތި ރާގަކަށް ތުނބުންފުމެމުން ބަދިގެ ފަރާތުން ނުކުތް ޒާލިފަށް އޭނާގެ ބޭބެ ޒަލަފް ގޮވާލިއެވެ. އޭރު ޑެކުގެ ހަރުފަތްމަތީ އިށީނދެގެން ޒަލަފް އިނެވެ. ސޯފާއާ ދިމާއަށް ދިއުމަށް އެނބުރިލި ނަމަވެސް ޒަލަފް ގޮވާލުމުން އޭނާ ވެސް ނުކުތީ ބޭރަށެވެ.
“މިއާ ކުޅެން ދަސްކޮށްދީބަލަ” ފޯނަށް ބަލަން އިނދެފައި ޒަލަފް ބުނެލިއެވެ.
“އަހަރެން ހަމަ ހައިރާންވެއްޖެ ޒާލް ފޯނެއް ބޭނުންވީމަ. އިހަށް ޗާޖަށް ޖަހާފައި އިރުކޮޅަކު ބާއްވަންޖެހޭނެ. އޭގެ ފަހުގައި ބޭނުންކުރަންވާނީ. އަދި ސިމް ވެސް ނުލައްވައެއްނު ތިއޮތީ. އެހެންވެ ރަނގަޅަށް ބޭނުންނުކެރެވެނީ”
ހެނދުނު ނުކުމެގެން ދިޔަ ގޮތަށް ޒާލިފު ގެއަށް އައީ މެންދުރު ނަމާދަށް ގޮވިފަހުންނެވެ. އޭނާ އަންނަމުން އައީ ޒަލަފަށް ފޯނެއް ގަނެދީގެންނެވެ. އަބްދުއްރަޢޫފު ދިން ފައިސާއަށެވެ. އޭނާ އަމިއްލަ ކަންކަން ކުރުމަށް ފައިސާ ބޭނުންވެއެވެ. ނަމަވެސް ވަޒީފާއަކަށް ދިއުމުން ޢާއިލާއާ ބެހޭގޮތުން ސުވާލުކުރާނޭކަން އެނގޭތީވެ އޮފީހަކަށް ވަންނާކަށް އަބްދުއްރަޢޫފު ޤަބޫލެއްނޫނެވެ. އަނެއްކޮޅުން ޒަލަފްއަށް އެފަދަ މިނިވަންކަމެއްނެތްއިރު ޒާލިފު ވަޒީފާއަށް ދާންފެށުމުން އެކަމާ އޭނާ ދެރަވާނެކަން ޒާލިފަށް ވިސްނެއެވެ. އެއީ ވެސް އޭނާއަށް ދިމާވެފައި އޮތް ހުރަހެކެވެ. ސްކޫލެއްގައި ކިޔެވުން ފުރިހަމަ ކުރުމުގެ ނަސީބު ޒަލަފަށް ލިބިފައެއްނެތެވެ. ޒަލަފް އެކަނި ހުރެ މީހުންނާ ވާހަކަދައްކާ މަންޒަރަކީ ޒާލިފު ކުޑައިރުގައި ފެނިފައި ހުރި މަންޒަރުތަކެވެ. ގޭގެ ވަށައިގެން ފެންސެއްޖަހައި ޒަލަފްއަށް އެ ފެންސުގެ ބޭރަށް ނުކުތުން މަނާވީ ކީއްވެކަމެއް އަބްދުއްރަޢޫފު ނުބުންޏަސް އެ ފެންސަކީ ޒަލަފް ރައްކާތެރިކުރާނޭ އެއްޗެއްކަމުގައި އަރީޝާއާއި އަބްދުއްރަޢޫފު ވަނީ ޒާލިފަށް ވިސްނައިދީފައެވެ. ޒާލިފަށްވުރެ ޒަލަފް ދޮށީ ނަމަވެސް ޒަލަފް ކަންކަން ދަސްކުރަނީ ޒާލިފުގެ ގާތުންނެވެ. މައިންބަފައިންނާއި ޒާލިފުގެ އެހީގައި ޒަލަފަށް ލިޔަންކިޔަން އެނގެއެވެ. އިނގިރޭސި ބަހުން ވާހަކަދައްކަން ނޭނގުނެއްކަމަކު ލިޔެފައި ހުންނަ އެއްޗެއް ކޮށިކޮށް ވިޔަސް ކިޔަން އެނގެއެވެ. ޒަލަފްއަކީ އާދަޔާ ޚިލާފަށް ވިސްނުންތޫނު ޒުވާނެކެވެ. އެހެންނަމަވެސް ޒަލަފްގެ ސަމާލުކަން ނުލިބޭނޭ ފަދަ ވަޒީފާއެއް އަދާކުރަން ޒާލިފު ވިސްނިއެވެ.
ޗާޖަށް ޖަހާފައި އޮތް ފޯނަށް ބަލަހައްޓައިގެން ޒަލަފް އޭނާގެ ކޮޓަރީގެ ގޮނޑީގައި އިނެވެ. އެހެން އިންއިރު އޭނާގެ ނަޒަރު ދޭތެރެއަކުން ކުރިމަތިން ފެންނަން ހުރި ކުރެހުމަށް ހުއްޓެވެ. ލުއި ހިނިތުންވުމެއް އެ ތުންފަތުގައި ދުވެލިއެވެ. ލައިގެން ހުރި ސޯޓުގެ އަރިމަތީ ޖީބުން ނެގި ކަރުދާސްކޮޅަށް ޒަލަފް ބަލާލިއެވެ. އަދި ނިކަން ލޯބިން އޭގައި ފިރުމާލިއެވެ. އެއީ ޔަލާ އޭނާއަށް ދިން ފުރަތަމަ ހަދިޔާ ކަމުގައި ޒަލަފް ޤަބޫލުކުރިއެވެ. އިންތިޒާރެއްގެ ފެށުން ކަމުގައި އެ ކުޑަ ކަރުދާސްކޮޅު ވިއެވެ. އަލުން ޖީބަށް ޔަލާގެ ނަމާއި ފޯނު ނަންބަރު ޖަހާފައި އޮތް ކަރުދާސްކޮޅު ލުމާއެކު ޒަލަފް ތެދުވިއެވެ.
ޒަލަފްގެ ފޯނު ޗާޖުވާނޭހާ އިރުކޮށްފައި ޒާލިފު އައިސް އެ ކޮޓަރިއަށް ވަނެވެ. އޭރު ނުހަނު ޝައުގުވެރިކަމާއެކު ޒަލަފް ކުރަހަން ހުއްޓެވެ. އޭނާގެ އަނގައިގައި އެއްފިހި އޮތްއިރު ވައަތްމަތީ ކުލަ ފިލާގަނޑާއި ފޮތިކޮޅެއް އޮތެވެ. ކަނާތުގައި އޮތް ފިހި ކެންވަސްގައި ޖައްސަމުން ދިޔައެވެ. ޒާލިފު ފެނިފައި ޒަލަފްގެ ހަރަކާތްތަކަށް ހުއްޓުނެވެ. އެހިނދު ޒާލިފު އައިސް ޒަލަފްގެ ގާތުގައި ހުއްޓިލަމުން ކުރެހުމަށް ބަލާލިއެވެ.
“މި ގޮނޑީގައިތަ އެ އިނީ” ކުރެހުމަށް ބަލަން ހުރެފައި ޒާލިފު ބޮލުން އިޝާރާތްކޮށްލީ ކުޑަދޮރުކައިރީ ހުރި ގޮނޑިއަށެވެ. އެއާއެކު ޒަލަފް ވެސް ގޮނޑިއަށް ބަލާލާފައި މަޑުމަޑުން ބޯޖަހާލިއެވެ.
“ވަރަށް ސަޅި… ހީވަނީ ހަމަ ހަޤީޤަތެއްހެން. ދެންމެ ދެންމެ އަނގައިން ބުނެދާނޭހެން” ޒާލިފު ބުނެލިއެވެ.
ކުރެހުމުގައި ވަނީ ޒަލަފްގެ ކޮޓަރީގައި ހުރި ކުޑަދޮރުކައިރީގައި ހުންނަ ގޮނޑީގައި ޔަލާ އިށީނދެގެން އިންދާ ކުރާހަފައެވެ. ކުރެހުމުގައިވާ ތަފްޞީލުތައް ފެނިފައި އެއީ ހަޤީޤަތުގައި ވެސް ހިނގައިފައިވާކަމެއްކަމުގައި ޤަބޫލުކުރާހާވެއެވެ. ނަމަވެސް އެކަމުގެ ހަޤީޤަތް އެނގެނީ ހަމައެކަނި ޒަލަފްއަށް އެކަންޏެވެ. ޒާލިފަށް ހީވީ އެ ކުރެހުމުގައި އެވަނީ ޒަލަފްގެ ޚިޔާލެއް ކަމަށެވެ. ޒާލިފު އައުމުން ޒަލަފް ކުރަން ހުރި މަސައްކަތް ހުއްޓާލިއެވެ. ކުލައަޅާފައި ހުރި ފިލާކޮޅު އެއްފަރާތެއްގައި ބަހައްޓާލުމާއެކު ފުޅީގެ ތެރެއަށް ފިހިތައް އަޅާލިއެވެ. އަދި ފޮތިކޮޅުން ދެއަތް ފުހެމުން އައިސް ގޮނޑީގައި ޒަލަފް އިށީނެވެ.
“ފޯނު މިއޮތީ އެއްކޮށް ޗާޖުވެފައި… އާދޭ ކިޔައިދޭނަން” ޗާޖަރުން ފޯނު ވަކިކޮށްލުމާއެކު ފޯނު ހިފައިގެން ޒާލިފު އައިސް އެނދުގައި އިށީނެވެ.
ޒާލިފު ކިޔައިދިން ގޮތަށް ފޯނުން ގުޅޭތޯ ޒަލަފް ބެލިއެވެ. އޭނައަށް ޒާލިފާ ފޯނުން ވާހަކަދެއްކޭ ގޮތް ވުމުން މެސެޖު ކުރާނޭ ގޮތް ވެސް ދަސްކުރިއެވެ. އަދި ޓެސްޓަކަށް ޒާލިފުގެ ފޯނަށް މެސެޖެއް ފޮނުވާލިއެވެ. ފޯނާ މެދު ޒަލަފް އިނީ ހިތްހަމަޖެހިފައިކަން އޭނާގެ މޫނުމަތިން ޒާލިފަށް ނަގައިގަނެވުނެވެ. ކުޑަކުއްޖަކުހެން ޒަލަފް ޝައުގުވެރިކަމާއެކު ފޯނާ ކުޅެންފެށިއެވެ. އެހެން އިނދެފައި ކުއްލިއަކަށް ފޯނުން އައުކަމެއްވާއިރަށް ޒާލިފަށް ދައްކާލައެވެ. ދެބެން ހީނހީނފައި ފޯނުން މަޖާ ވީޑިއޯ ބަލަން ފެށިއެވެ. ނަމަވެސް ފޯނުން ޒަލަފް ކުރަން ބޭނުންވާ ކަމަކީ އެއީއެއްނޫނެވެ.
* * * *
މެންދުރުފަސްވެ ދޭއްޖަހައި ދިޔަފަހުން ޔަލާ އައިސް އޭނާއާއި ޑރ.ވިޖޭގެ ކެބިންގެ ތެރެއަށް ވަދެ މޭޒު ދޮށުގައި އިށީންނަން އުޅެނިކޮށް ލައިގެން ހުރި ޑޮކްޓަރ ކޯޓުގެ ޖީބުން ފޯނު ވައިބްރޭޓްވާން ފެށިއެވެ. ގޮނޑީގައި އިށީނދެ ފޯނަށް ބަލަން ޔަލާ އިނީ ނުދަންނަ ނަންބަރަކުން ގުޅާތީއެވެ. ނަމަވެސް މުހިންމު ކޯލަކަށް ވެދާނޭ ހިތަށް އެރުމާއެކު ފޯނުކޯލަށް ޖަވާބު ދިނުމަށް ޔަލާ ކަންފަތާއި އަނގައާ ފޯނު ކައިރިކޮށްލިއެވެ.
“ހެލޯ…” ފުރަތަމަ ވެސް ވާހަކަދެއްކީ ޔަލާއެވެ. ނަމަވެސް ފޯނުގެ އަނެއްކޮޅުން ޖަވާބެއް ނައެވެ. އެހެންވެ ދެތިން ފަހަރަށް ޔަލާ ހެލޯއޭ ގޮވާލުމަށްފަހު ކާކުތޯ ސުވާލުކޮށްލިއެވެ.
“ހެ… ހެ… ލޯ…” ޖެހިލުންވެފައި ހުރި ފިރިހެން ބަރު އަޑެއް ޔަލާގެ ކަންފަތުގައި ޖެހުނެވެ. އެއާއެކު އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ. އަދި ބޭއިޚްތިޔާރުގައި ތިރީތުންފަތުގައި ދަތްއަޅާލެވުނެވެ. އެހެންއިންދާ ފޯނުގެ އަނެއްކޮޅުގައި ހުރި ޒުވާނާ ޔަލާގެ ނަމުން ގޮވާލި އަޑު އިވުނެވެ.
“ޒާލްތަ؟” ނިކަން އަވަހަށް ޔަލާ އަހާލިއެވެ.
“އަހަރެން ގުޅާތޯ އިންތިޒާރުގަތަ ހުރީ” ޒަލަފް މިހެން އަހާލުމާއެކު ޔަލާ ރަކިވާގޮތްވިއެވެ. އަދި ނިކަން އަވަހަށް ނޫނޭ ބުނެލިއެވެ.
“ހިޔެއްނުކުރަން ގުޅާނެ ކަމަކަށް” ލަދުން ހުރި ގޮތަކަށް ޔަލާ ބުނެލިއެވެ. އޭރު އެއްފައި މައްޗަށް އަނެއްފައި އަރުވާލައިގެން އިނދެ ފައިގެ ކޮޅުން ދެފަރާތަށް ގޮނޑި އަނބުރާލަ އަނބުރާލާ ޔަލާ އިނެވެ. އޭނާ ފެންނަ މީހަކަށް މިވަގުތު ޔަލާ އޭނީ އާދައިގެ ފޯނުކޯލެއްގައި ނޫންކަން އެނގޭހާ ޔަލާގެ ހަރަކާތްތަކާއި އެ މޫނުގެ ކުލަވަރު ތަފާތެވެ.
“ނަންބަރު ދިނީމަ އެ ބުނީ ގުޅާށޭ އެއްނު. އެހެންވެ މިގުޅީ. މީ އަހަރެންގެ ނަންބަރު އިނގޭ. މިވަގުތު ޔަލާ ކީއްކުރަނީ؟” ޒަލަފް ބުނެލިއެވެ.
“މިހިރީ ހޮސްޕިޓަލުގައި. ޑިއުޓީ އަދި ނުނިމޭ. އެކަމަކު ދެން އެހާ ގިނައިރެއްނެތް. ޒާލް ކީއްކުރަނީ”
“ކޮޓަރީގައި މި އިނީ. ޔަލާއާ ވާހަކަދައްކަން. އެބައޮތް ހަދިޔާއެއް. ކޮންއިރަކުން އަންނާނީ ބަލާ”
“މިއަދު ދިޔައްޔާ އޯކޭވާނެތަ؟ ޒާލްގެ މަންމަ ހިތްހަމަނުޖެހޭނެ ދޯ”
“އާން! ބައްޕަ ވެސް އަތުވެއްޖެ… މަންމައަށްވުރެ ބައްޕަ ހިތްހަމަނުޖެހޭވަރު ބޮޑުވާނެ. އެހެންވިޔަސް ޔަލާ ފެންނާނެނަމައޭ ހިތަށް އަރާ”
“އެހެންތަ. އެއީ ކީއްވެ؟” ހިތަށް ބަޔާންކުރަން ދަތި އުފާވެރިކަމެއް ޔަލާއަށް ލިބެމުންދިޔައިރު އޭނާ މަސައްކަތް ކުރީ އެކަން ފޮރުވޭތޯއެވެ. ނަމަވެސް އަޑުގައިވާ ޝައުގުވެރިކަން ސިއްރެއްނުކުރެވުނެވެ.
“ސީދާ ބުނެދޭކަށް ނޭނގޭ… އެހާ ރީތި ލަފުޒުތަކެއް އަތުރާލާކަށް އަހަންނަކަށް ނޭނގޭ. މިބުނީ ޔަލާހާ ރީތިކަމެއް އެއްވެސް އެއްޗަކަށް ލިބިފައެއްނުވެޔޭ. ދެން ކިހިނެއް ބުނެދޭނީ”
“އަހަރެން ހިނގައިދާނަމޭ ޒާލް ބޭނުންވާނަމަ ބައްދަލުކުރަން. އެކަމަކު އަންހެންކުދިން އެހާ ގިނައިން ފިރިހެންކުދިންގެ ގޭދޮށަށް އެ މީހުން ހޯދަން ދިއުމަކީ އަހަރުމެންގެ ސަގާފަތުގައި އެހާ ރީތިކަމެއް ނޫން. އާންމުކޮށް ފިރިހެންކުދިން ދޯ އަންނާނީ އަންހެންކުދިންގެ ގޭދޮށުގައި މުގޯލި އަޅަން… އެހެންވިޔަސް މިފަހަރު ދެން އެ އުސޫލު ބަދަލުކޮށްލަންތާ ޖެހޭނީ” ޔަލާ މިހެންބުނެ ހީނލިއެވެ. ފޯނުގެ އަނެއްކޮޅުގައި ހުރި ޒަލަފް ވެސް ހީނލިއަޑު ޔަލާއަށް އިވުނެވެ.
“މީ… ދެން… އިހަށް ބާއްވަނީ އިނގޭ. އަހަރެން ގެއަށް ގޮސްފައި ގުޅާލިޔަސް އެންމެ ރަނގަޅުތަ… މިވަގުތު ހޮސްޕިޓަލުގައި ހުރީމަ” ކުއްލިއަކަށް ޔަލާގެ ރާގު ބަދަލުވެ ގޮނޑިއަށް ދޫކޮށްލާފައި އޮތް ހަށިގަނޑު ސީދާކޮށްލަމުން އަވަސްއަވަހަށް ވާހަކަދެއްކިއެވެ. އޭރު ކައިރީގައި ހުރި މޭޒުގެ ދޮށުގައި އެ ކެބިންއަށް ވަދެގެން އައި ޑރ.ވިޖޭ އިށީންނަނީއެވެ. ޒަލަފް އިތުރު ވާހަކައެއް ބުނުމުގެ ކުރިން ޔަލާ ފޯނު ކަނޑާލިއެވެ. އަދި އަވަސް އަވަހަށް މެސެޖެއްލިޔެފައި ޒަލަފްއަށް ފޮނުވާލިއެވެ. އޭނާގެ ވެރިޔާ އައިސް ވަނީކަމުގައި ބުނެއެވެ. އަދި ގެއަށް ގޮސް ގުޅާނަން ކަމުގައި ބުނެފައެވެ.
ޒަލަފްއަށް މެސެޖު ކުރީއްސުރެން ޔަލާއަށް އިނދެވެނީ ކެބިންގެ ފާރުގައި ހުރި ގަޑިއަށާއި ފޯނާއި ކޮމްޕިއުޓަރުގެ ގަޑިއަށް ބަލާލަ ބަލާލައެވެ. އެތަނުން އެއްގަޑި ވެސް ތަންކޮޅެއް އަވަހަށް ހިނގާނަމައޭ ހިތަށް އަރާފައެވެ. އެހެން އިންދާ ހަތަރެއް ޖަހައިފިއެވެ. އަވަހަށް ގޮނޑިން ތެދުވެގެން ޔަލާ ގެއަށްދާން ތައްޔާރުވިއެވެ. އެހިނދު ޑރ.ވިޖޭ ސުވާލުކޮށްލިއެވެ.
“އިން އަ ހަރީ… އިޒް ރީހާން ވެއިޓިން ފޯ ޔޫ. ޓެލް ހިމް ދެޓް އައިއެމް ވެއިޓިންގ ފޯ ހިމް” ވިޖޭ ވާހަކަ އިވިފައި ޔަލާ ހައިރާންވުމާއެކު ލަދުވެސްގަތެވެ. ހޮސްޕިޓަލުގައި އެންމެންހެން މިހާރު ކަމަކީ އޭނާއާއި ރީހާންއާ އަޅުވާ ކިޔުމެވެ. ޚާއްޞަކޮށް ޑޮކްޓަރުންގެ މެދުގައެވެ. ނަރުސްކުދިން ތިބެނީ އެމީހުންގެ ކަންފަތްތައް ދިއްކޮށްގެންނެވެ. ރީހާންއާއި ޔަލާއާ ދެމެދުގައި އޮތް ގުޅުމުގެ ހަޤީޤަތް އެނގެން ބޭނުންވެގެންނެވެ.
“އައި ޑޯންޓް ނޯ ވެއަރ ހީ އިޒް” އަތްދަބަސް ހިފައިގެން ނުކުންނަން ދަމުން ޔަލާ ބުނެލިއެވެ. އެވަގުތު ޑރ.ވިޖޭ ކޮންމެވެސް އެއްޗެއް ބުނެ ހީނލިއަޑު އިވުނެވެ. ނަމަވެސް އެކަމަށް ސަމާލުކަމެއް ނުދީ ޔަލާ ނުކުތީއެވެ.
ސްކޫޓަރަށް އަރާ ދުއްވާލި އިރު ވެސް ޔަލާގެ ސިކުނޑީގައި ވަނީ ޒަލަފްގެ ޚިޔާލެވެ. އާންމުކޮށް ދުއްވާ ވަރަށްވުރެ ބާރަށް ޔަލާ ދުއްވަމުން ދިޔައެވެ. ގެއާ ހަމައަށް އާދެވުމާއެކު ފާރުކައިރީ ސްކޫޓަރު ބަހައްޓާފައި ގޭތެރެއަށް ޔަލާ ވަނެވެ. އޭރު ސިޓިންރޫމުގައި ޞާބިރާގެ ގާތުގައި އިން ލުހާ ހީވަނީ މޮޔަވެފައި އިންހެނެވެ. ޔަލާ ވަދެގެން އައުމާއެކު ފުންމައިގެން ތެދުވެގެން އައިސް ޔަލާގެ ގައިގާ ލުހާ ބައްދައިގަނެއްޖެއެވެ. ހައިރާންކަމާއެކު ޔަލާ ބަލާލީ ޞާބިރާއަށެވެ.
“ވަޒީފާ ހަމަޖެހުނީ…” ހިނިތުންވެލައިގެން އިން ޞާބިރާ ބުނެލިއެވެ.
“ސީރިއަސްލީ… އެއަރޕޯޓުންތަ؟” ޔަލާ ވެސް އުފާވެފައި އަހާލިއެވެ. އެއާއެކު އުފަލުން ހުރި ލުހާ އަވަސްއަވަހަށް ބޯޖަހަން ފެށިއެވެ. އަދި އޭނާގެ އަތުގައި އޮތް ލިޔުން ޔަލާއަށް ދައްކާލިއެވެ.
“މަންމާ. ލުހާއަށް ޖޮބު ހަމަޖެހުނީމާ ކެއުންގަނޑެއް ތައްޔާރުކޮށްލަންވާނެއެއްނު” ޔަލާ ކިތަންމެ ހިތް އަވަސްވެފައި ހުއްޓެއްކަމަކު ޢާއިލާގެ އުފާވެރިކަމުގައި ބައިވެރިނުވެ އަމިއްލަ އެދުން އިސްކުރާކަށް ނުކެރުނެވެ. އެހެންވެ އައިސް ކޮއްކޮއާއިއެކު ސޯފާގައި އިށީނެވެ.
* * * *
އޮއްސެމުން ދިޔަ އިރަށް ބަލަހައްޓައިގެން ފެންސުގެ ކައިރީ ޒަލަފް ހުއްޓެވެ. އެހެން ހުރި އިރު ދޭތެރެއަކުން ފޯނަށް ބަލާލާފައި ފޯނާއެކު ޖީބަށް އަތްކޮށްޕާލައިގެން ހުރެއެވެ.
“އޭނާ އަންނާނެ އިރަކަށް އިންތިޒާރު ކުރަނީތަ؟” މާޔޫސްވެފައި ހުރި ޒަލަފްއަށް އިވިގެން ދިޔައީ އަންހެން އަޑެކެވެ. އެހިނދު އަޑުއައި ދިމާއަށް އޭނާއަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ.
މީހަކު ފެންނަން ނެތުމުން އިތުރަށް ޒަލަފްއަށް ބަލާލެވުނެވެ. ގަސްތަކުގެ ތެރެއިން އަޑުއައި ނަމަވެސް މީހަކު ފެންނަން ނެތުމުން އޭނާ ހައިރާނެއްނުވިއެވެ. އޭގެ ބަދަލުގައި ފުންނޭވާއެއް ލުމާއެކު ކުރިން ވެސް ހުރި ގޮތަށް އިރުއޮއްސެމުން ދިޔަ ދިމާއަށް އެނބުރިލިއެވެ. އެހިނދު އިވިގެން ދިޔައީ އަންހެންކުއްޖެއްގެ ހުނުމުގެ އަޑެވެ. މަޑު މިއުޒިކެއް ފަދައިންނެވެ.
“ތީ ކާކު” ޒަލަފް މިފަހަރު އެނބުރިނުލާ ހުރި ފިޔަވަޅުމަތީ ހުރީއެވެ. އޭނާގެ ނަޒަރު ހުރީ އޮއްސެމުން ދިޔަ އިރާ ދިމާއަށެވެ.
“އަހަންނެއް ނޭނގުނުތަ؟ އަޅެ މިކޮޅަށް ބަލާލަބަލަ” އެ އަންހެން އަޑުން މިހެން ބުނުމާއެކު ޒަލަފް އިރުކޮޅަކު މަޑުކޮށްލައިގެން ހުރުމަށްފަހު މަޑުމަޑުން އެނބުރިލިއެވެ. އެއާއެކު ވައަތްފަރާތު އޮތް ފެންގަނޑުގެ ކައިރީ ފެންސުގެ ބޭރުން ހުރި ބޮޑު ގަހެއްގެ ނިވަލުން ނުކުން އަންހެންކުއްޖާ ޒަލަފްއަށް ފެނުނެވެ.
“ކަލޭތަ؟ ވާހަކަދައްކަން ވެސް އެނގޭތަ؟ ކުރިއަކުން ކަލޭ އަނގަޔަކުން ނުބުނަމެއްނު…” ޒަލަފް އައިސް ފެންގަނޑު ކައިރީ މަޑުކޮށްލަމުން ވާހަކަދެއްކިއެވެ.
“އަހަންނާ ވާހަކަ ދެއްކީމައެއްނު ވާހަކަދައްކާނީ” އެ އަންހެންކުއްޖާ ބުނެލިއެވެ.
ކަޅުކުލައިގެ ދިގު ހެދުމެއް ލާފައި ހުރިއިރު އެ އަންހެންކުއްޖާގެ ދިގު އިސްތަށިގަނޑުވަނީ ނިއުޅާލާފައެވެ. އޮފުކަން ގަދަ ފަން ދިގު އިސްތަށިގަނޑާއި އެއްވަރަށް އޭނާ ވެސް ރީއްޗެވެ. ހިނިތުންވެލައިގެން ޒަލަފްއަށް ބަލަން އޭނާ ހުއްޓެވެ. އެހެންނަމަވެސް އޭނާގެ ރީތިކަމަށް ޒަލަފް ޝައުގުވެރިއެއް ނުވެއެވެ. އެކަން އެ އަންހެންކުއްޖާއަށް ވެސް އެނގޭ ކަހަލައެވެ.
“ކަލޭ އަބަދު މި ތަނަށް އަންނަނީ ކީއްކުރަން. އަހަރެން ކުޑައިރުއްސުރެ ކަލޭ އައިސް ހުންނަމެއްނު ބަލަން… އަހަރެން ކަލެއާ ވާހަކަދައްކާ ހިތެއްނުވޭ. އެހެންވެ އަނގައިން ނުބުނަނީ. މިހާރު ތީ ކުރިން ފެންނަ ކުޑަކުއްޖާއެއްނޫން. ބޮޑުވެ ރީތި އަންހެނަކަށް ކަލޭ ވެއްޖެ. އަދިވެސް ކަލޭ އުޅެނީ ފައިވާނަށް ނާރާތަ؟”
“އަހަރެންގެ ފައިބަލަން ބޭނުންވަނީތަ؟ ކަލެއަށްވިއްޔާ އަހަރެންގެ ފައި ދައްކަފާނަން” ހީނލާފައި އެ އަންހެންކުއްޖާ ބުނެލިއެވެ.
“އުހޫން! ކޮންމެހެން ދައްކާނެކަމެއްނެތް. އަހަރެން ބަލާކަށް ބޭނުމެއްނޫން. ފުރާވަރަށް އެޅިއިރު ވެސް ކަލޭގެ ދެފައި ހުންނަނީ ކިސަޑުގަނޑެއްހެން… އޭރު ދިޔަގޮތަށް ނުފެނި ހުރެފައި އަދިކިރިޔާ މި ފެނުނީ… ކީއްކުރަން ތިއައީ؟ އަހަރެން ކުރިއަކުން ވެސް ކަލެއަކާ ވާހަކައެއް ނުދައްކަމެއްނު… އަދި މިފަހަރު ވެސް ތި ވާހަކަދެއްކީ ކޮންމެހެން އަހަރެން ވާހަކަދައްކައިގެނެއް ނޫން” ޒަލަފްގެ ފަރާތުން އޭނާ އެހާ ގަޔާވާހެނެއް ހިޔެއްނުވެއެވެ.
“އެހާ ދުވަހު އަހަރެން ފެނުނު އިރު ވެސް ކަލޭ ކުޑަކޮށް ވެސް ޝައުގުވެރިއެއްނުވޭތަ އަހަންނަކީ ކާކުކަން އެނގޭކަށް” އެ އަންހެންކުއްޖާގެ މޫނުމަތިން ފެނިގެން ދިޔައީ ހައިރާންކަމެވެ.
“މުހިންމުތަ އެނގުން” ފަރުވާކުޑަ ގޮތަކަށް ޒަލަފް އަހާލިއެވެ. އެއާއެކު އެ އަންހެންކުއްޖާ ނިކަން ބާރަށް ހޭންފެށިއެވެ.
“ތިވަރަށް ހިނިއަންނަވަރުގެ އެއްޗެކޭތަ އަހަންނަށް ބުނެވުނީ” ޒަލަފް މިހެން ބުނުމާއެކު އެ އަންހެންކުއްޖާ ހުނުން ހުއްޓާލިއެވެ. އަދި މަޢުނަވީ ބަލާލުމަކުން ޒަލަފްއަށް ބަލާލިއެވެ. އާދަޔާ ޚިލާފު ވިދުމެއް އެ ދެލޮލުގައި ހުއްޓެވެ. ހަމައެއާއެކު އެ ދެލޮލުގައިވި ކަޅި ސާފުކޮށް ޒަލަފްއަށް ފެނުނެވެ. އެހިނދު އޭނާއަށް ކޮންމެވެސް ކަހަލަ އުނދަގޫތަކެއް ވެގެން ދިޔަހެން އިހުސާސް ކުރެވުނެވެ. ނަމަވެސް އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވާ މީހާ ހަމައަކަށް އެޅިލުމާއެކު ދެ ބުމަ ގޮއްޖަހާލަމުން އެ އަންހެންކުއްޖާ ޒަލަފް ބަލާލިއެވެ. ހަމައެކަނި ޒަލަފްގެ ބަލާލުމުން އެކަނި އެ އަންހެންކުއްޖާގެ ނަޒަރު އަވަސްއަވަހަށް ޒަލަފްއާ ވަކިކޮށްލައި އިސްޖަހާލިއެވެ.
“މިހާ ދުވަސްވީއިރު އަހަންނަކީ އެކުވެރިއެއް ވެސް ނޫންތަ؟ ޒަލަފް މިގޭގައި އުޅޭއިރު އަހަރެން އައިސް ހުންނަނީ ޒަލަފް ވާހަކަދައްކާނެކަމަށް. އެކުވެރިވެވިދާނެކަމަށް. ވަކިވުމަށްފަހު އަލުން ބައްދަލުވީމާ ވެސް އުފަލެއްނުވިތަ؟ ކިހާ ދުވަހެއް ފަހުން އަހަރެން މިއައީ. ވާހަކަދެއްކީމާ ވެސް ޒަލަފް ތިހިރީ ހިތްހަމަނުޖެހިފައި. އެންމެ ކުޑަމިނުން އަހަރެންގެ ނަން ވެސް އަހާނުލި” މިފަހަރު ޒަލަފްއާ އެ އަންހެންކުއްޖާ ވާހަކަދެއްކީ މަޑުމޮޅި ގޮތަކަށެވެ.
ޒަލަފް އަނގައިން ބުނަން އުޅުނު ވަގުތު ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށިއެވެ. އެއާއެކު އޭނާ އަވަސް އަވަހަށް ފޯނު ނަގާ ބަލާލިއެވެ. އެހިނދު އެތަނުގައި އޭނާއާ ވާހަކަދައްކަން އިތުރު މީހަކު ހުރިކަން ވެސް އޭނާ ހަނދާންނެތުނު ކަހަލައެވެ. އެނބުރުނު ގޮތަށް އަވަހަށް އައިސް ގޭތެރެއަށް ވަނެވެ. އަދި އޭނާގެ ކޮޓަރިއަށް ވަދެ ފޯނަށް ޖަވާބުދިނެވެ.
“ސޮރީ ލަސްވީމަ. އޭރު ފޯނު ކަނޑާލީމާ ހިތްހަމަނުޖެހިފައިތަ ތި ހުރީ” ހިނިތުންވެލައިގެން އިން ޒަލަފްގެ ކަންފަތުގައި ޖެހުނީ ޔަލާގެ އަޑެވެ.
“ނޫން. ޔަލާ ބުނީމެއްނު ފަހުން ގުޅާނަމޭ”
“ގެއަށް އައިސް އަދިކިރިޔާ މި ހަމަޖެހިލެވުނީ” ޔަލާ ބުނެލިއެވެ.
އެތައް އިރެއްވާންދެން ޔަލާ ފޯނުން ޒަލަފްއާ ވާހަކަދައްކަން އިނެވެ. އިޝާ ނަމާދަށް ގޮވާ ދިޔަ އިރު ވެސް ޔަލާއަށް ނޭނގެއެވެ. އޭނާ ފޯނު ބޭއްވީ ލުހާ އެ ކޮޓަރި އައިސް ވަނުމުން އެ ވާހަކަ ޒަލަފް ގާތުގައި ބުނެލާފައެވެ. އަދި އެހެން އިރަކުން ގުޅާނަން ކަމުގައި ބުނެފައެވެ.
ފޯނު މޭމަތީ ބާއްވާލައިގެން ޚިޔާލީ ދުނިޔެއަކަށް ގެއްލިފައި އެނދުގައި އޮށޯވެގެން ޒަލަފް އޮއްވާ ބާރު އަޑުފަށްގަނޑެއް އިވިގެން ދިޔައެވެ. ސިއްސައިގެން އަވަހަށް ކޮޓަރިން ނުކުމެގެން ތިރިއަށް އައެވެ. އޭރު އަބްދުއްރާޢުފާއި އަރީޝާގެ އިތުރުން ޒާލިފު ވެސް ތިރީގައި ތިއްބެވެ.
“ކޮންއަޑެއް އެއީ” ޒަލަފް އުޅުނީ ބޭރަށް ނުކުންނާށެވެ. ހަލުވިކަމާއެކު އަބުދުއްރާޢުފު ޒަލަފްގެ އަތުގައި ހިފިއެވެ.
“އެކަކު ވެސް ނުކުންނާނެކަމެއްނެތް. ކާގަޑި ޖެހިއްޖެއެއްނު… އަރީޝާ. އެ މީހުން ގޮވައިގެން ބަދިގެ ފަރާތަށް ދޭ. އެވާނީ މުސްކުޅި ގަހެއް ފީވެގެން ވެއްޓުނު އަޑުކަމަށް. ވަށައިގެން ގަސް އޮންނައިރު އެކަހަލަ އަޑުތައް އިވޭނެއެއްނު. މާދަމާ ހެނދުނުން ބަލާނީ ވީގޮތެއް” އަބަދުއްރަޢޫފު މިހެން ބުނުމުން ކަންބޮޑުވެފައި ހުރި އަރީޝާ ބޯޖަހާލިއެވެ. އަދި ޒަލަފްގެ ބުރަކަށީގައި ފިރުމާލަމުން އޭނާއާއެކު ހިނގާށޭ ބުނެލިއެވެ. ޒާލިފު އެތާ ހުއްޓާ އޭނާގެ އަތުގައި ވެސް އަރީޝާ ހިފާ ދަމާލިއެވެ.
އަރީޝާއާއިއެކު ޒާލިފާއި ޒަލަފު ގޮސް ބަދިގެ ފަރާތަށް ވަނުމުން އަބްދުއްރަޢޫފު ގެއިން ބޭރަށް ނުކުތެވެ. ވަށައިގެންވާ އަނދިރިކަމުގެ ތެރެއަށް ލޯ ހޭނެންދެން ޑެކުމަތީ އިރުކޮޅަކު މަޑުކޮށްލައިގެން ހުއްޓެވެ. އަދި ވަށައިގެން ތަންތަން ފެންނަން ފެށުމުން ގޭގެ އެއްފަރާތެއްގައި ކުޑަގޮނޑިއެއްގެ މަތީ ބަހައްޓާފައި ހުރި ފެންބަނޑިޔަލާ ކައިރިވެލިއެވެ. މަތިޖަހާ އޭގެ މަތީ ބާއްވާފައި އޮތް ލޯތަށި އަބްދުއްރަޢޫފު ނެގިއެވެ. އަދި ބަނޑިޔާގެ ތެރެއަށް ކޮށްޕާލުމާއެކު ތަށްޓަށް ފެންއެޅުމުން އެ ހިފައިގެން އޭނާ ހިނގައިގަތީ ފެންސުގެ ގޭޓާ ދިމާއަށެވެ. އޭރު އޭނާ ތުންތަޅުވަމުން އެއްޗެހި ތަކެއް ކިޔަމުން ތަށްޓަށް ފުމެމުން ދެއެވެ. ދޭތެރެއަކުން ޝަހާދަތް އިނގިލިލާ ފެންއެތި ގިރާލައެވެ. ގޭޓާ ހަމައަށް އައިސް މަޑުކޮށްލާފައި އަތުގައި އޮތް ފެންތަށިބައެއް ގޭޓުގެ ތިރިއަށް ބިންމައްޗަށް އަޅާލުމާއެކު ދެން ހުރި ބައި ގޭޓަށް ޖަހައިފިއެވެ.
“ތިބެންޏާ ނޮހޮރޮއްޕާންނުކޮށް މައިތިރިވެގެން ތިބޭ. އަހަރުމެން ވެސް ކަލޭމެންނަށް ދުއްޕާނެއް ނުކުރަން” ވަށައިގެން ނަޒަރު ހިންގާލުމާއެކު ހަރުއަޑުން އަބްދުއްރަޢޫފު ބުނެލިއެވެ. އަދި މަޑުކޮށްލުމެއްނެތި އެނބުރި އައިސް ފެންބަނޑިޔާ މަތީ އަތުގައި އޮތް ލޯތަށި ބަންޑުން ބާއްވާފައި ގޭތެރެއަށް ވަންނަން ދިޔައެވެ.
އަބްދުއްރަޢޫފު ބަދިގެއަށް އައިސް ވަންއިރު އަރީޝާ މޭޒުމަތި ތައްޔާރު ކުރަނީއެވެ. އޭނާ ފެނުމާއެކު އެއްޗެއް ބުނަން އަނގަހުޅުވާލުމާއެކީ އަބްދުއްރަޢޫފު ލޮލުން އަރީޝާއަށް އަންގާލީ ހިމޭންވުމަށެވެ. އެހެންވެ އެއްޗެއް ނުބުނެ އަރީޝާ ކުރަން ހުރި މަސައްކަތަށް ސަމާލުކަން ދިނެވެ.
ރޭގަނޑުގެ ކެއުން ނިންމާލުމާއެކު އާދައިގެ މަތިން ޒަލަފް ހިނގައިގަތީ ގޯތިތެރެއަށް ނުކުތުމަށެވެ. އެހެންނަމަވެސް އަބްދުއްރަޢޫފު އެދުނީ މިރޭ އެކަކު ވެސް ބޭރަށް ނުނިކުތުމަށެވެ. ޒަލަފްއާއި ޒާލިފު ސުވާލެއްކޮށްފާނެތީ އަބްދުއްރަޢޫފު ސަބަބެއްކަމުގައި ދެއްކީ ފަހަރެއްގައި ވައިގަދަވެ ވިއްސާރަވެދާނެތީކަމަށެވެ. ވަލުގައި ގިނަ ދުވަސްވެފައި ހުރި ބޮޑެތި ގަސްތައް ހުރުމުން އެއިން ގަހެއް ވެއްޓޭނީ ކޮންއިރަކުކަމެއް އެނގެނީއެއް ނޫންކަމުގައި އަބްދުއްރަޢޫފު ބުންޏެވެ. އޭނާ ބުނާ އެއްޗަކާ ދެކޮޅު ހަދާކަށް ޒާލިފާއި ޒަލަފަށް ނުކެރޭނޭކަން ޚުދު އޭނާއަށް ވެސް އެނގެއެވެ. ޒަލަފް ހިނގައިގަތީ އޭނާގެ ކޮޓަރިއަށް ދިއުމަށެވެ. ޒާލިފު ވެސް ހިނގައިގަތީ ޒަލަފްއާއެކުއެވެ. އެ ދެބެން ސިޑިން އަރައިގެން ދިއުމާއެކު އަބްދުއްރަޢޫފު އޭނާގެ ކޮޓަރިއަށް ވަދެފައި ނުކުތީ ފޮތްތަކެއް ހިފައިގެންނެވެ. އުރުދޫއިން ލިޔެފައި އޮތް ފޮތަކާއި ދިވެހިބަހުން އަތުލިޔުމުން ލިޔެފައި އޮތް ފޮތެއް ހުޅުވާލައިގެން ސޯފާގައި އަބްދުއްރަޢޫފު އިންދާ ބަދިގޭ ކަންކަން ނިންމާލާފައި އަރީޝާ ނުކުތެވެ.
“ރަޢޫފު، ކޮން އަޑުފަށްގަނޑެއްތަ އެއީ… އަސްލު ވެސް ގަހެއް ވެއްޓުނީތަ؟” ހަލުވިކޮށް އައިސް އަބްދުއްރަޢޫފު ގާތުގައި ސޯފާގައި އިށީނދެ ނިކަން ސިއްރުން އަރީޝާ އަހާލިއެވެ. އެހިނދު އަބްދުއްރަޢޫފު ފުންނޭވާއެއް ބޭރުކޮށްލިއެވެ. އަދި އަރީޝާއަށް ބަލާލުމާއެކު މަޑުމަޑުން ދެ ފަރާތަށް ބޯހޫރާލިއެވެ. ކަންބޮޑުވި އަރީޝާއަށް އަބްދުއްރަޢޫފުގެ މުލައްދަނޑީގައި ހިފާލެވުނެވެ.
“އަނެއްކާ…” ހާސްވެފައި އިނދެ އަރީޝާއަށް ބުނެލެވުނެވެ.
“އަހަންނަށް އަދި ނޭނގިގެން މިއުޅެނީ. އެހެންވިޔަސް ޔަޤީން ކޮންމެވެސް ކަމެއް އެބަ ހިނގާކަން. ޒަލަފްގެ އުޅުމަށް ބަދަލެއް އަތުވެއްޖެތަ؟ އަރީޝާއަށް ކަމެއް ފާހަގަކުރެވޭތަ؟”
“ނޫން! ތިޔަކަހަލަ އެއްވެސް ކަމެއް ނެތް. އެ ދެބެން ވެސް ފެންނަނީ ގުޅިގެން އުޅޭތަން. ޒާލިފު ވެސް ކަމެއް ފާހަގައެއް ނުކުރޭ” އަރީޝާ ވިސްނަން އިނދެފައި ބުނެލިއެވެ.
“ބައްޕަ ދުނިޔޭގައި ހުރިނަމައޭ ހިތަށް އަރާ” މާޔޫސްވެފައި އިން އަބްދުއްރަޢޫފު މަޑުމަޑުން ބުނެލިއެވެ.
“ތުއްތުބެއަށް އެނގޭނެ ކިރިޔާ ކަމެއްވިޔަސް. އެކަމަކު ކީއްކުރާނީ… މިހާރު އަހަރުމެން ދެމީހުން ނޫނީ މިކަމާ ކުރިމަތިލާނޭ ބަޔަކުނެތް. އަހަރެން ދެރަވޭ ރަޢޫފަށް ކަމެއްވެދާނޭތީ. ރަޢޫފު އެނބުރި އައުމާއެކު އެމީހުން ޖެއްސުން ކުރަން ބޭނުންވަނީ ކަންނޭނގެ. ރަޢޫފު ނެތްނަމަ އަހަރެން ކިހިނެއް އެ ދެބެން ބަލާނީ” އަބްދުއްރަޢޫފުގެ ކޮނޑުގައި އަރީޝާ ބޯއަޅާލިއެވެ.
“އަރީޝާ ތިހެން އުޅުނީމާ އެ ދެބެން ސުވާލުކުރާނެ. އެއްވެސް ގޮތެއް ނެތިގެން ނޫނީ އެކުދިންނަށް އެއްވެސް ކަމެއް އެނގޭކަށް އަހަރެން ބޭނުމެއްނޫން. މިހާރު މިއުޅޭ ގޮތަށް އުޅެވެން އޮތިއްޔާ އެގޮތް މާރަނގަޅުވާނެ. އަހަރެން ދުނިޔޭގައި ހުރިހާ ދުވަހަކު އެ ކުދިންނާއި އަރީޝާ ރައްކާތެރިކުރާނަން. އެކަމަކު އެއީ ކިހާ ދުވަހެއްކަމެއް ނޭނގެ… ކެތްތެރިވޭ އަރީޝާ… އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ” އަރީޝާ ހިތްވަރު ކުރަން އަބްދުއްރަޢޫފު ބޭނުންވެއެވެ.
ކޮޓަރީގައި ހުރި ޒަލަފް އައިސް ކުޑަދޮރު ކައިރީ މަޑުކޮށްލީ މީހަކު އޭނާއަށް ގޮވާހެން ހީވެގެންނެވެ. ގޯތިތެރެއަށް ބަލާލިއިރު މީހަކު ފެންނާކަށް ނެތެވެ. އެހެންނަމަވެސް އެނބުރިލަން އުޅެނިކޮށް ޒަލަފްގެ ލޮލުގައި އަޅައިގަތީ ފެންސުގެ ބޭރުގައި ހުރި އަންހެންކުއްޖާއެވެ. އެހިސާބުގައި ހުރެފައި އޭނާ ގޮވާލުމުން ވެސް ޒަލަފްގެ ކަންފަތައް އަޑު އައީ ނުހަނު ސާފުކޮށެވެ. ހީވީ ކައިރީގައި ހުރެފައި މީހަކު ގޮވާލާ ހެންނެވެ. އިރުކޮޅަކު އެ ދިމާއަށް ބަލަން ހުރެފައި ޒަލަފް ދެބުމަ ކައިރިކޮށްލީ ހިތްހަމަނުޖެހިގެންނެވެ. ފަސްއެނބުރި އައިސް އެނދުގައި އޭނާ އިށީނެވެ.
“ކިހިނެއްވީ؟” ޒަލަފްގެ މޫނުމަތީގެ ކުލަވަރު ފެނިފައި ޒާލިފު އަހާލިއެވެ.
“ކަމެއްނުވޭ… ކުޑަކޮށް ބޮލުގައި ރިއްސާލީ…” ނިތްކުރީގައި ޒަލަފް އަތްހާކާލިއެވެ. އަދި ހަމަޖެހޭކަން ދައްކަން ނިކަން އަވަހަށް ޒާލިފަށް ހިނިތުންވެލައިފިއެވެ. ޒާލިފު އޭނާގެ ފޯނުން ވީޑިއޯ ބަލަން އޮތެވެ. އިރުކޮޅަކު އިނދެލާފައި ޒަލަފް ވެސް ޒާލިފުއާ ޖެހިގެން އެނދުގައި އޮށޯވެލިއެވެ. އަދި ޒާލިފު ބަލަމުން ދިޔަ ވީޑިއޯ ބަލަން އޭނާ އޮތެވެ.
ނިދިއަންނަ ގޮތް ވެފައި އޮއްވާ ކުއްލިއަކަށް ޒަލަފް ސިހުނީ އޭނާގެ ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ. އެހެންނަމަވެސް އޭނާއަށް ލިބުނު ހާސްކަން އިތުރުވިއެވެ. އެނދުގައި ޒާލިފު އޮތީމައެވެ. ޒަލަފްގެ ފޯނަށް ހަމައެކަނި ގުޅާނެ މީހަކީ ޔަލާއެވެ. ޔަލާ ގުޅާނެ އިރަކަށް އޭނާ އިންތިޒާރުކުރާތާ ކިތަންމެ އިރެކެވެ. އެނދުން ތެދުވެގެން އައިސް ކުޑަދޮރުގެ ކައިރީ ޒަލަފް މަޑުކޮށްލިއެވެ. ޖީބުގައި އޮތް ފޯނު ވައިބްރޭޓްވުން ހުއްޓުނެވެ. އެއާއެކު ޒަލަފް މާޔޫސްވެއްޖެއެވެ. އަދި އެނދުގައި އޮތް ޒާލިފަށް ބަލާލިއެވެ. އެހެން ހުއްޓާ އަނެއްކާ ވެސް ޒަލަފްގެ ފޯނު ވައިބްރޭޓްވާން ފެށިއެވެ.
“އަހަރެން… އަހަރެން ނިދި އަތުވެއްޖެ…” ހަދާނޭގޮތެއް ނޭނގިފައި ހުރި ޒަލަފް އޭނާގެ ސިކުނޑިއަށް އައި އެއްޗެއް ބުނެލިއެވެ.
އެއްޗެއް ބުނަން އުޅެފައި ވެސް ޒާލިފު އޭނާގެ ފޯނު ހިފައިގެން ޒަލަފްގެ ކޮޓަރިން ނުކުތެވެ. އޭރު އޭނާއަށް ޒަލަފްގެ އެއުޅެނީ ނިދިއައިސްގެން ނޫންކަން އެނގެއެވެ. އެހެންނަމަވެސް ކޮންމެވެސް ސަބަބަކާ ހުރެ އޭނާ އެކަނިވެލަން ބޭނުންވަނީކަން ޒާލިފަށް ދެނެގަނެވުނެވެ. އެއްޗެއް ބުނަން އުޅެފައި ވެސް ނުބުނީ އެހެންވެއެވެ.
ޒާލިފު ނުކުތުމާއެކު ޒަލަފް އިރުކޮޅަކު މަޑުކޮށްލައިގެން ހުރީ ޒާލިފުގެ ފިޔަވަޅުގެ އަޑަށް ސަމާލުވެ ހުރި ހެންނެވެ. ކޮޓަރިތެރޭގައި ހުރެ ދައްކާ ވާހަކައެއް އަޑު ނީވޭނޭހާ ދުރަށް ޒާލިފު ހިނގައްޖެކަން ޔަޤީން ވުމާއެކު އަވަސްއަވަހަށް ޒަލަފް ފޯނު ނަގާ ޖަވާބުދިނެވެ.
“އުނދަގޫވަގުތެއްތަ؟” ޔަލާގެ އަޑު ޒަލަފްގެ ކަންފަތުގައި ޖެހުނެވެ.
“އެހެނެއްނޫން. ފޯނު ނެގޭ ކަހަލަ ގޮތަކަށް ނޫން ހުރީ އެހެންވެ. ޔަލާ ކީއްކުރަނީ؟” ޒަލަފް ވާހަކަދެއްކިއެވެ.
ޒަލަފްއާއި ޔަލާ ވާހަކަދައްކަމުން ދިޔައިރު އޭނާއަށް ޒަލަފްއަކީ ބަސްމަދު މީހެއްކަން ފާހަގަކުރެވުނެވެ. ވަރަށް ވިސްނާފައި ނޫނީ އަނގައިން ނުބުނެއެވެ. އެހެންވިޔަސް އެގޮތް ވެސް ޔަލާއަށް ކަމުދިޔައީއެވެ. ފުރަތަމަ ބައްދަލުވި އިރު ޒަލަފްގެ ހުރި ޠަބީޢަތާޢި ފަހުން ދިމާވި ޒަލަފްގެ ޠަބީޢަތް ތަފާތުކަން ޔަލާއަށް ފާހަގަވިއެވެ. އޭނާއަށް މާބޮޑަށް ޒަލަފް ކަމުދާން ފަށައިފިއެވެ. ނިދުމުގެ ކުރިން ވެސް ޒަލަފްގެ އަޑު އަހާލަން ޔަލާ ބޭނުންވީއެވެ. އޭނާ ޒަލަފްއަށް ގުޅީ އެހެންވެއެވެ.
ދުނިޔެމައްޗަށް ވެރިވެގެން ދިޔަ އަލިކަމާއެކު ޔަލާގެ ކޮޓަރީގެ ފަރުދާތަކުން ފުރޭނިގެން ކަހަލަ ގޮތަކަށް ކޮޓަރިއަށް އަވި އެޅިފައި އޮތެވެ. ފަތިސްނަމާދުކޮށްލައިގެން އޮށޯވެލާ ޔަލާ މިއަދު ފެންނަނީ މާ ހަރަކާތްތެރިކޮށް އުޅޭތީއެވެ. އެހެންޏާ ނިވާކޮށްލާފައި ހުން ފަރުދާތަކުގެ ތެރެއިން ބޭރަށް ހުރި ބޯފަރުދާ ކަހާލާފައި ވުމުން އެތެރެއަށް ހުރި ތުނި ލޭސް ފަރުދާގެ ތެރެއިން އެޅިފައިވާ އަވިން ކޮޓަރިތެރެ އަލިވެފައިވެއެވެ. އެއްވެސް ލައިޓެއް ދިއްލުމެއްނެތި ވެސް ކޮޓަރިތެރޭގައި އުޅެން އެނގެއެވެ. ރީތިވާ މޭޒުދޮށުގައި އިނދެ ރީތިގޮތަކަށް އިސްތަށިގަނޑު ގަތާލުމާއެކު ޔަލާ ކޮޓަރިން ނުކުތެވެ.
ބަދިގެއަށް ވަދެ ކަބަޑުމަތީގައި ހުރި ފެންކައްކާ ޖަގަށް ބަލާލާފައި އޭގައި ހުރި ފެން ސިންކަށް އޮއްސާލިއެވެ. އަދި އައުފެން އެޅުމާއެކު ފެންކައްކަން ޖެއްސިއެވެ. މަގު އަޅުވާފައި ހުރި އެތިން ޔަލާ އާންމުކޮށް ކޮފީބޯ މަގު ނަގާ ޔޭޔޭ ކޮފީއަޅާފައި ހުރި ފުޅިން ޕެކެޓެއް ނަގާ މަގަށް އަޅާލިއެވެ. ފެންކެކުމުން ކޮފީ ހަދައިގެން ޔަލާ ނުކުތީ ގޯތިތެރެއަށެވެ. އެހެން ދުވަސް ދުވަހާ ޚިލާފަށް މިއަދު ހިތްގައިމުހެން ޔަލާއަށް އިހުސާސްވަމުން ދިޔައެވެ. ގަސްތަކުގައި ފޮޅިފައި ހުރި މައުތައް ފެނިފައި ޔަލާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ. ޖޯލިފައްޗަށް އަވިއަރާފައި އޮތެއް ކަމަކު ޔަލާ އިށީނެވެ. ދެއަތުން ކޮފީމަގު ހިފާލައިގެން އިނދެ އޭނާ ޚިޔާލު ކުރަމުން ދިޔައީ ޒަލަފްއާ މެދުއެވެ. މުޅި ދުވަސް ވެސް ތަފާތުހެން އޭނާއަށް އިހުސާސްވަނީ ޒަލަފްގެ ސަބަބުންނެވެ. ކުއްލިއަކަށް އޭނާގެ ހިތް ޒަލަފްގެ މައްޗަށް ދީލައިލީ ކިހިނެއްކަމެއް ވެސް ނޭނގެއެވެ. އެ އަޑު އަބަދުމެ އަހާ ހިތްވަނީއެވެ. ބައްދަލުކުރަން ދާހިތްވަނީއެވެ. ނަމަވެސް ޒަލަފްގެ ޢާއިލާ މީހުން ނުރުހޭތީ އެކަން ހުރަހަކަށް ވެފައިވެއެވެ. ހަމައެކަނި ޔަލާއަށް ނުވިސްނޭކަމަކީ އެއީއެވެ. ޒަލަފް ވަލުތެރޭގައި އުޅެންޖެހިފައިވަނީ ކީއްވެކަމެވެ. އޭނާގެ ޢާއިލާ އެގޮތަށް އޭނާ ހިފަހައްޓަނީ ކީއްވެކަމެވެ. ކުއްލިއަކަށް ޗޮކެއް ކަނޑާލާފައި ޔަލާ މޫނު ހަދާލިއެވެ. އޭރު އަތުގައި އޮތް ކޮފީމަގުގައި ހުރި ކޮފީ ވެސް ހުސްވެއްޖެއެވެ.
“ޔާލް…” ޞާބިރާގެ އަޑު އައީ ސިޓިންރޫމު ދޮރުމަތީންނެވެ.
“މިއަދު މަންމައަށްވުރެ ވެސް ކުރިން ނުކުމެ އުޅޭ ދުވަހެއްތަ؟ ރޭގައި ނުނިދުނީތަ؟” ޖޯއްޔަށް ދެފައ ނަގައިގެން ކޮފީމަގުގައި އުނގުގައި ބަހައްޓައިގެން ޖޯލިތެރެއަށް ވެއްޓިގަނެގެން އޮތް ޔަލާއަށް ބަލަން ހުރެ ޞާބިރާ އަހާލިއެވެ.
“ކުރިން ހޭލެވުނީމާ ހިތަށް އެރީ ދެން ނުނިދާނަމޭ. އިއްޔެ ވެސް ކިރިޔާއެއްނު ގަޑި ނުޖެހި ދެވުނީ” ޖޯލިން ތެދުވަމުން ޔަލާ ބުނެލިއެވެ. އޭނާގެ ވާހަކައާ އެއްބަސްވުމުގެ ގޮތުން ޞާބިރާ ބޯޖަހާލާފައި އެތެރެއަށް ހިނގައިގަތެވެ. ޔަލާ ވެސް އައީ ގޭތެރެއަށް ވަންނާށެވެ.
* * * *
ހެނދުނުގެ ނާސްތާއަށްފަހު ރީހާން ކާމޭޒު ދޮށުން ތެދުވެގެން ދާން ހިނގައިގަތެވެ. އެއާއެކު އޭނާގެ މަންމަ ނަސީރާ ގޮވާލިއެވެ.
“ކީކޭ މަންމާ” ރީހާންގެ ސަމާލުކަން ނަސީރާއަށް ހުއްޓާލިއެވެ.
“އަން! ފެންތަށި ބޯލައިގެން ދޭ… އަދި ބުނަން… ރުގިއްޔާދައްތަމެންގެއަށް ގެންދަން ވެފައި ހުރި މުރަގަފަތްކޮޅެއް އެބަހުރި. ކޮންއިރަކުން މަންމައަށް އެކަން ކޮށްދޭނީ” ރީހާން ސައިބުއި ތަށިތައް ނަގަން ހުރެފައި ނަސީރާ ބުނެލިއެވެ.
“ސަމީނައްތަ ނުލާހިކު ގިނައިން އާދެއެއްނު. އަހަރެންތަ އެގެއަށް ދާންވީ” ރީހާން ގަޔާނުވެ ހުރެ ބުނެލިއެވެ.
“ރީހާން ދިޔައްޔާ ކީއްތަވާނީ. ސަމީނައްތަމެން ވެސް ދައްކާ ރީހާން އެއްގޮތަކަށް ވެސް އެގެއަށް ނުވަންނަ ވާހަކަ. ޢާއިލާ މީހުންނާ ގުޅުން ބާއްވަންވާނެއެއްނު. ދަރިފުޅު ނޫނީ މަންމަގެ ފަރާތުގައި އެހެން އުޅޭކަށް ދެން ހުރީ ކާކު. އަނެއްކާ ދަރިފުޅު ތިހުރީ މިހާރު ޒުވާންވެފައި… މީހަކާ އިންނަ އުމުރަށް ގޮސްފައި…” ނަސީރާގެ ވާހަކަ މިހިސާބަށް ދިއުމާއެކު ރީހާން އޭނާ ހުއްޓުވިއެވެ.
“މަންމާ، ޑިއުޓީ ނިންމާފައި އައިސް އެގެއަށް ގެންދަން އެއްޗެއް ހުރިއްޔާ ގެންގޮސް ދީފާނަން. މިހާރު ހުރެވޭކަށް ނެތް. ގަޑި ޖެހެނީ…” ރީހާން ބޭނުންވީ އަވަހަށް އެތަނުން ދާށެވެ. އޭނާގެ މަންމަގެ އެޖެންޑާއަކީ ކޮބައިގެން އޭނާއަށް އެނގޭ ކަހަލައެވެ. މި ފަހަކަށް އައިސް ނަސީރާގެ ވާހަކަ އަބަދުމެ ހުންނަނީ ރީހާން މީހަކާ ނީނދެގެންނެވެ. އެގެއަށް ޅީދަރިއަކު ނުގެނެސްގެންނެވެ. އަނެއްކޮޅުން ރުގިއްޔާގެ ފިރމީހާގެ ކޮއްކޮ ސަމީނާގެ ހަގު ދަރިފުޅު ޖޫލިއާއަކީ ނަސީރާއަށް މާ ކަމުދާ އަންހެންކުއްޖެކެވެ. އޭނާގެ ރީހާންއާ ޖޫލިއާ ގުޅުމަކީ ނަސީރާ މިހާރު ދެކެމުން އަންނަ ހުވަފެނެވެ. ރީހާން ހުންނަނީ ނަސީރާގެ މި ޚިޔާލުން ދުރަށްދާނޭ ގޮތެއް ހޯދާލަހޯދާލައެވެ. އޭނާގެ ހިތުގައި ޖޫލިއާއަށް ޚާއްޞަކަމެއް ނުވެއެވެ. ކުރިން ސުރެ ވެސް ރީހާން ދުށީ ޖޫލިއާއަކީ ޢާއިލާ ގޮތުން އޭނާގެ ކޮއްކޮއެއްގެ ގޮތުގައެވެ. މަޑުމައިތިރި މިޒާޖެއް ރީހާންއަށް ލިބިފައި ވިޔަސް އޭނާ ވެސް އަމިއްލަ ދިރިއުޅުމާމެދު ވިސްނައެވެ. އޭނާގެ ހިތް ކިޔާ ކަހަލަ ގޮތެއް ޚަޔާތައް އަންނަ ބައިވެރިޔާގެ ހުންނަން ވާނެއެވެ. ކައިވެންޏަކާ ހަމައަށް ދެވޭނީ އޭރުންނެވެ.
ކާރު ޕާކުކޮށްލާފައި ހޮސްޕިޓަލުގެ މައިގޭޓުން ވަދެގެން ދިޔަ ރީހާންއާއި ޔަލާ ބައްދަލުވީ އިދާރީ އޮފީސްތެރެއިންނެވެ. ޔަލާ ފެނުމާއެކު ރީހާންއަށް އެއްވެސް އިޚުތިޔާރަކާ ނުލާ ހިނިތުންވެލެވުނެވެ. އަވަސްއަވަހަށް ހެނދުނުގެ ސަލާމް ޔަލާއާ ބަދަލުކޮށްލިއެވެ. އަދި އިދާރީ އޮފީހުން ޔަލާއާއެކު ނުކުންނަން ރީހާން މަޑުކޮށްލިއެވެ. އެކަން ޔަލާއަށް ވީ ބޮޑުކަމަކަށެވެ. އޭނާގެ ނަޒަރު ސިއްރުން ހިންގާލީ އޮފީހުގައި އޭރު ތިބި ކުދިންނަށެވެ. އެމީހުން ވެސް ނޭނގޭކަމަށް ހަދާފައި ބަލަމުން ދިޔައީ ރީހާންއާއި ޔަލާއަށެވެ. ނުތަނަވަސްވެފައި ހުރެ ޔަލާ ކުރަން އައިކަންތައް ކޮށްލުމާއެކު އަވަސްއަވަހަށް އޮފީހުން ނުކުތެވެ. އޭނާއާއެކު ރީހާން ވެސް ނުކުމެގެން އައެވެ.
“ނައިސް… ބްލޫއާ ޔަލާއާ ވަރަށް ގުޅޭ” ޔަލާއަށް ބަލަމުން ދިޔަ ރީހާން ބުނެލިއެވެ.
“ތޭންކްސް” ލައިގެން ހުރި ކަށިމައްޗާ ހަމައަށް އަރާ ނޫކުލައިގެ ހެދުމަށް ޔަލާ ބަލާލިއެވެ. އަނެއްކޮޅުން އޭނާ ބެލީ އަވަހަށް ރީހާންއަށް ފިލޭތޯއެވެ. އެހެންވެ ހަލުވިކޮށް ގޮސް އޭނާ އިންނަ ޑރ.ވިޖޭގެ ކެބިންއަށް ވަނެވެ. ޑރ.ވިޖޭ ދިމާ ކުރާނޭކަމާއި އެކަމުން ޔަލާ ލަދުގަންނާނޭކަން އެނގޭތީ އެ ކެބިންނަށް ޔަލާގެ ފަހަތުން ވަންނާކަށް ރީހާން ގަސްދެއް ނުކުރިއެވެ. އޭނާ ހިނގައިގަތީ ލެބޭޓްރީއާ ދިމާއަށް ދިއުމަށް ހުރި ސިޑިއާ ދިމާއަށެވެ.
* * * *
ޑެކުމަތީ ފަރާތްފަރާތަށް ބަލަން ހުރެފައި އަބްދުއްރަޢޫފު ހިނގައިގަތީ ގޭގެ ވަށައިގެން ޖަހާފައިވާ ފެންސާ ދިމާއަށެވެ. ހަތަރު ދިމާއެއްގައި އޭނާ ގޮސް ހުއްޓި ފެންސުގެ ކައިރި ވެލިގަނޑު ކޮނުނެވެ. އެތަންތަނުގައި ވަޅުލާފައި ހުރި ފުޅިތަކަށް ބަލާލާފައި އަލުން ފަސްއަޅާ ފޮރުވާލިއެވެ. އަދި ހިންދެމިލަމުން ދެއަތުން ވެލި ފޮޅާލާފައި އަބްދުއްރަޢޫފު ހިނގައިގަތީ ގޭޓުން ބޭރަށް ނުކުންނާށެވެ. ނަމަވެސް ގޭޓުން ނުކުމެ ނުކުމެ ހުރެފައި ކުއްލިއަކަށް ފަސްއެނބުރި އަބްދުއްރަޢޫފު ބަލާލިއެވެ. އޭރު ގޭގެ މަތީ ކުޑަދޮރުގެ ކައިރީ ޒަލަފް ހުއްޓިލައިގެން ހުއްޓެވެ. ޒަލަފްއަށް ބަލާލާފައި އަބްދުއްރަޢޫފު އައިސް ގޭޓުން ނުނިކުމެ ގޭޓުކައިރީ މަޑުކޮށްލައިގެން ހުއްޓެވެ. އެހެން އިރުކޮޅަކު ހުރެފައި ފަސްއެނބުރި ޒަލަފް ހުރި ތޯ ބަލާލިއެވެ. ފެންނަން ނެތުމުން ގޭޓުން ނުކުމެގެން އަބްދުއްރަޢޫފު ހިނގައިގަތެވެ.
އަރީޝާ ސޯފާގައި އިންދާ ސާފުބޯޑު ހިފައިގެން ޒާލިފު ހިނގައިގަތީ ގެއިން ނުކުންނާށެވެ. އޭރު ސިޑިން ފައިބައިގެން ޒަލަފް އަންނާނީއެވެ.
“ޒަލަފް… ގަސްތައް ކުރާހާފައި ހުރި ކުރެހުން ދޭންވީނު. ރީތި ކުރެހުމެއް ބޭނުންވެގެން އަފްރާޙުގެ ރައްޓެއްސަކު އެބައުޅޭ. ކޮންމެ އަގެއްގައި ވެސް ގަންނަން ބޭނުންވެގެން އުޅެނީ. ކުރެހުންތައް ގަންނާނެ ބަޔަކު ވެއްޖެއްޔާ ސަޅި އަގެއްގައި ވިއްކާލެވޭނެ. ކީކޭ ބުނަނީ” ޒާލިފުގެ ވާހަކަ ސޯފާގައި އިން އަރީޝާއަށް ވެސް އަޑުއިވުނެވެ.
“އެންމެ ރަނގަޅު… އެކަމަކު… ހުރިހާ ކުރެހުމެއްނޫން” ޒަލަފް މިހެން ބުނެލުމާއެކު އޭނާ ބަހައްޓަން ބޭނުންވަނީ ކޮންކުރެހުންތަކެއްކަން ޒާލިފަށް ވަގުތުން އެނގުނެވެ.
“އޯކޭ… އަފްރާޙަށް ދައްކާލަން ގެންދަން ކޮންމެވެސް ކުރެހުމެއް ދީ” ޒާލިފު ބުނެލިއެވެ. އެއާއެކު ޒަލަފް އެނބުރި ސިޑިން އަރައިގެން ގޮސް އޭނާގެ ކޮޓަރީގައި ހުރި ކުރެހުންތަކުން ޒާލިފު ބުނި ވަލުތެރޭގެ މަންޒަރެއް ކުރަހާފައި އޮތް ކުރެހުން ނަގައިގެން ގެނެސް ޒާލިފަށް ދިނެވެ. އެއާއެކު އޭނާ ކުރެހުމުގެ ވަށައިގެން ކަރުދާސްގަނޑަކުން ފޮރުވާލާފައި ސާފުބޯޑު ހިފައިގެން ގެއިން ނުކުތެވެ.
“ކޮބާ ފޯނު ރަނގަޅުތަ” އަރީޝާގެ ގާތުގައި ސޯފާގައި އައިސް ޒަލަފް އިށީނުމުން އޭނާ އަހާލިއެވެ. އެއާއެކު ޒަލަފް ބޯޖަހާލިއެވެ.
“މަންމަ ވާހަކައެއް އަހާލަން ބޭނުން” އަބްދުއްރަޢޫފުގެ ގަމީހެއްގައި ތިނޯހުން ގޮށެއް ހަރުކަން އިން އަރީޝާ ވާހަކަދެއްކީ ވަރަށް ނޫން ގޮތަކަށެވެ.
“ކޮންވާހަކައެއް”
“ޒާލްއަށް އެއްވެސް ކަހަލަ އުނދަގޫތަކެއްވޭތަ؟ ވަންޏާ މަންމަ ގާތު ނުބުނެ ނުހުންނައްޗޭ… ދަރިފުޅަށް ކަމެއްވެއްޖެއްޔާ މަންމަ ހާސްވާނޭވަރު އެނގެއެއްނު” ހިތުގައި އޮތް ނުތަނަވަސްކަމާއި ކަންބޮޑުވުން ފޮރުވާލައިގެން އިނދެ އަރީޝާ ބުނެލިއެވެ. އެހިނދު ޒަލަފް ވިސްނާލިއެވެ. އޭނާގެ އުމުރުން ހައަހަރުން ފެށިގެން އެގޭ ފެންސު ކައިރިން އަންހެންކުއްޖަކު ފެނެއެވެ. އެއީ ކާކުކަމެއް ނޭނގުނަސް އެއީ އާދައިގެން އަންހެންކުއްޖެއް ނޫންކަން ޒަލަފްއަށް އެނގެއެވެ. ނަމަވެސް އޭނާގެ ވާހަކައެއް އެކަކު ކައިރީ ވެސް ޒަލަފް ނުބުނެއެވެ. ޒަލަފްގެ އުމުރުން ބާރައަހަރުގައި އެ އަންހެންކުއްޖާ ނުފެންނަން ފެށިގޮތަށް އަލުން އޭނާ ފެނުނީ އިއްޔެއެވެ. މިހާރު އެ އަންހެއްކުއްޖާއަކީ އޭނާ ފަދަ ޒުވާނެކެވެ. އިސްކޮޅުން ދެމިލާފައި ރީތި ދިގު ފަންއިސްތަށިގަނޑެއްގެ އިތުރުން އާދަޔާ ޚިލާފު ދެ ލޯ ލިބިފައިވާ ތަފާތު ޒުވާނެކެވެ. ނަމަވެސް އޭނާ ފެނުމުން ޒަލަފްގެ ޝައުގުވެރިކަން އޭނާއަށް ދެވޭގޮތެއް ނުވެއެވެ. އެ އަންހެންކުއްޖާގެ ވާހަކަ މީހަކު ގާތު ނުބުނެވިގެން އުޅެނީ ވެސް އެހެންވެ ކަންނޭނގެއެވެ. ފަހަރެއްގައި އޭނާގެ މަންމަ އެ އަހަނީ އެއަންހެއްކުއްޖާގެ ވާހަކަ ބާއޭ ވެސް ޒަލަފްގެ ހިތަށް އެރިއެވެ. އެކަމަކު ދެން ވެސް އެ ވާހަކަ ބުނާކަށް އޭނާ ބޭނުމެއްނޫނެވެ. ރޭގައި ބާރު އަޑުފަށްގަނޑެއް އިވުނުއިރު އެއީ ގަހެއްވެއްޓިގެން އިވުނު އަޑެއްނޫންކަން ޒަލަފް ނަގައިގަތީ އަބްދުއްރަޢޫފުގެ ހަރަކާތްތައް ހުރި ގޮތުންނެވެ. އޭނާއަށް ބުނެދޭންނޭނގޭ ކަންތައްތަކެއް ހިނގާކަން ގައިމެވެ. ނަމަވެސް އަރީޝާއާއި އަބްދުއްރަޢޫފު ހާސްވާނޭވަރު އެނގޭތީ އާދައިގެ ގޮތަކަށް އުޅެން ޒަލަފް މަސައްކަތް ކުރަނީއެވެ.
“އަހަންނަށް ކަމެއްވަންޏާ ބައްޕައަށް އެނގޭނެއެއްނު… ކުރިން ވެސް އަހަރެން ބަލިވިޔަސް ބައްޕައަށް އެނގޭ ކުރަންވީ ކީއްކަން…” އަރީޝާއާ ހިނިތުންވުމެއް ބަދަލުކޮށްލާފައި ޒަލަފް ބުނެލިއެވެ.
“މަންމާ… އަހަރެން ވަރަށްވޭ މިތާ ކައިރީ މިއޮތް ކުޅި ކައިރިއަށް ދާހިތް. އަހަރުމެން ކުޑައިރު ބައްޕަ އެޅި ފާލަންކޮޅަށް ކެލާޕިޔާ ބާނަން ދާހިތްވޭ… އޭރު ހާދަ މަޖަލޭ… މަސްފެންގަޑުން ދެ މަސް އިހަށް ދުވަހު މަރުވެފައި އޮއްވާ ފެނިގެން ނަގައިފިން… ބައްޕަ ގާތު ބުނަންވީނު އަލުން މަސްކޮޅެއް ގެންނަން” ޒަލަފްގެ ވާހަކަ އަރީޝާ އަޑުއަހަން އިނީ ޝައުގުވެރިކަމާއެކުއެވެ. އެހެންނަމަވެސް އޭނާއަށް ނުވިސްނުނީ ޒަލަފްގެ ވާހަކަތަކުގައި ފޮރުވިފައި އޮތް ބޭނުމެވެ. އޭނާ ބޭނުންވަނީ ޔަލާއާ ބައްދަލުކުރާށެވެ. އިތުރު އެއްވެސްތާކަށް ދާކަށް އޭނާ ނޭދެއެވެ. ޔަލާއާއެކު ވަގުތު ހޭދަ ކުރުން ފިޔަވައެވެ. އެ ފެންސުން ބޭރަށް ނުކުންނަން އުޅެފިނަމަ ޒަލަފްގެ ބޮބިފަޅީގައި ރިއްސައިގަންނަނީ ދުނިޔޭން މޮޔަވާވަރަށެވެ. އޭގެ އިތުރުން ގައިން ފާޑެއްގެ ހޫނުގަނޑެއް ވެސް އަރަން ފަށައެވެ. އެހެންވެ އޮޅިގެން ވެސް އޭނާ އެ ފެންސުން ބޭރަށް ނުކުންނަން މަސައްކަތް ކުރާކަށް ބޭނުމެއްނޫނެވެ. ނަމަވެސް އޭނާއަށް އެކަން ކޮށްދެވޭނެ މީހަކީ އަބްދުއްރަޢޫފެވެ.
“ދަރިފުޅާއި ޒާލިފާ ދެ ކުދިން ތީ މޫދުމޮޔަވެފައި ތިބި ދެ ކުދިން. ޒާލިފު ވެސް އެ އުޅެނީނު ފާޑެއްގެ ބޯޑުގަނޑެއް ހިފައިގެން ގޮސް މޫދުގައި” އަރީޝާ މިހެން ބުނިއިރު އޭނާގެ ތުންފަތުގައި ފަނޑު ނަމަވެސް ހިނިތުންވުމެއް ވެއެވެ. ފޮނި ހަނދާންތަކެއް އަރީޝާގެ ސިކުނޑީގައި ވެސް ރައްކާކޮށްފައި ވެއެވެ. އޭނާގެ ދެ ދަރިން މޫދުގެ ވާހަކަ ދައްކާއިރު އަރީޝާއަކީ ވެސް އޭނާގެ ޒުވާން އުމުރުގައި އަބަދުހެން މޫދުގައި އުޅުނު ޒުވާނެކެވެ. ހަޔާތަށް ފުރަތަމަ ލޯބި އައީ ވެސް މޫދަށް އެރުމަށް ގޮސް އުޅެނިކޮށެވެ. ނަމަވެސް އެ ހަނދާންތަކާއެކު އަރީޝާގެ ތުންފަތުގައިވި ހިނިތުންވުން ފިލައިގެން ހިނގައްޖެއެވެ. އަދި ގަތަމުން އައި ޚިޔާލުގެ ބޮޅުތައް ވަކިވަކިކޮށްލާ ހަޤީޤަތާ ކުރިމަތިލިއެވެ.
“ޒާލް ބޭނުންވީމާ މިހާރު ތިއޮތީ ފޯނެއް ވެސް ގަނެދީފައި… ޒާލްއަށް އެނގޭނެ ބޭރަށް ނުކުންނާކަށް ހުއްދައެއް ނުދެވޭނެކަން. ބޮޑުވަމުން އައިއިރު މަންމަ ޒާލްއަށް ވިސްނައިނުދެންތަ. ނޫނީ ދަރިފުޅު ބޭނުންވަނީ މަންމައާ ވަކިވާންތަ” އަރީޝާގެ އަޑުގައި ރުޅިއަށްވުރެ މާޔޫސްކަން އެކުލެވިފައިވިއެވެ.
“އަހަރެން މަންމައާ ދުރަކަށް ނުދާނެއެއްނު. އެހެންނޫނަސް ގެއިން ބޭރަށް ނުކުތުމަކީ މަންމައާ ވަކިވުމެއްނޫނެއްނު… އަހަރެން އަބަދުވެސް އުޅޭނީ މަންމައާއި ބައްޕައާއެކު… ޒާލިފު ވެސް ގެއިން ބޭރަށް ނުކުމެފައި އެނބުރި ގެއަށް އާދެއެއްނު. އަހަރެން ވެސް އެނބުރި ގެއަށް އަންނާނަމޭ”
“ޒާލްއަކަށް ބޭރަކަށް ނުދެވޭނެ. އެކަން މިހާ ދުވަސްވީއިރު ވެސް ނުވިސްނޭތަ”
“އެނގޭ… އަހަރެންގެ ބޮލުގައި ރިއްސާ، ގައިގާ ރިއްސާ… ނުވިތާކަށް ފާޑެއްގެ ހޫނެއް ވެސް ގަޔަށް އަރާ… ހީވަނީ އަލިފާނުން ފިހެމުންދާހެން… އެކަމަކު އެ ހުރިހާ ކަމެއް ބައްޕައަށް ރަނގަޅުކޮށެއް ނުދެވޭނެތަ… އަހަންނަށް އެނގޭ ބައްޕަ ވަރަށް މޮޅުކަން ފަންޑިތަވެރި ކަންކަމަށް. އެހެންމީހުން ރަނގަޅު ކުރަން ދާއިރު އަހަރެންމީ ބައްޕަގެ ދަރިއެއްނު. ކީއްވެ އަހަރެން ރަނގަޅުކޮށް ނުދެވެންވީ”
ދެން ހެޔޮ ޒާލް… އިތުރަށް ތިކަމާ ގުޅިގެން އެއްވެސް އެއްޗެއް ބުނެގެން ނުވާނެ. ރަނގަޅުކޮށްދެވެންޏާ އެކަން ނުކޮށެއް އަހަރުމެން ވެސް ނުތިބޭނެ. ރަޢޫފަށް ތި ވާހަކަތައް އަޑުއިވިއްޖެއްޔާ ވަރަށް ހިތްހަމަނުޖެހޭނެ. ޒާލްގެ ބައްޕަގެ ގޮތް އެނގެއެއްނު” އަރީޝާ މިހެން ބުނުމުން ޒަލަފް އިސްޖަހާލައިގެން ހިމޭނުން އިރުކޮޅަކު އިނެވެ. އަދި މާޔޫސްވެފައިވާ މީހަކު ފަދައިން ސޯފާއިން ތެދުވެގެން ބޭރަށް ނުކުތެވެ.
“އަހަންނަށް ވެފައި ހުރި ގޮތެއް ބައްޕައަށް ވެސް ނޭނގެނީބާ؟ މަންމަ ވެސް އެބުނީ ދޮގެއް ނޫންކަންނޭނގެ. އަހަރެން ރަނގަޅުކުރެވޭނެނަމަ މިހާރު ބައްޕަ އަހަރެން ރަނގަޅުކޮށްފީސް…. އެކަމަކު… ކީއްވެ އަހަންނަށް މި ހުރިހާ ގޮތެއް ވާންވީ” މަސްފެންގަނޑުގެ ކައިރީ ދެފައި ވަށްކޮށްލައިގެން އިށީނދެ އިން ޒަލަފްގެ ހިތް އޭނާގެ ޟަމީރާ ވާހަކަދެއްކިއެވެ. އެހެން އިންދާ ގޭޓު ހުޅުވިގެން ދިޔައިރު ނުކުތް ތޫލި އަޑާއިއެކު ޒަލަފް އެ ދިމާއަށް ބަލާލިއެވެ. އޭރު އަބަދުއްރަޢޫފު ގޭޓުން ވަދެގެން އަންނަނީއެވެ.
“ޒަލަފް… ކިހިނެއްވެފައި ތި އިނީ” މާ ގަޔާ ނުވެފައި އިންނަހެން ޒަލަފް ފެނުމުން އަބްދުއްރަޢޫފު ވަދެގެން އައިސް ސުވާލުކޮށްލިއެވެ.
“މަސްފެންގަނޑު ވަރަށް ހަޑިވެއްޖެ ދޯ… ދަރިފުޅު ކީއްވެތަ ސާފުކޮށްނުލަނީ. މާބޮޑަށް ފެހި ޖަހާފައެއްނު އެ އޮތީ. ވެޔޮގަނޑު ވެސް ބޮޑުވެގެން އައިސް މަސްފެންގަނޑު އެއްބައި އެއްކޮށް މިއޮއްފޮރުވެނީ” އަބްދުއްރަޢޫފު ފަރުވާތެރިކަމާއެކު މަސްފެންގަނޑާއި ޒަލަފްއަށް ބަލަމުން ވާހަކަދެއްކިއެވެ.
“މަސްކޮޅު ވަރަށް މަދު ވެއްޖެ” ފެންގަނޑަށް ނަޒަރު ހުއްޓާލައިގެން އިނދެ ޒަލަފް ބުންޏެވެ.
“އާން! ބައްޕައަށް ވެސް ތިހެން ހީވޭ… ހުރޭ… މިއަދު މަސްކޮޅެއް ގެންނާނަން. އެކަމަކު ޒަލަފްވާނެ ފެންގަނޑު އައުކޮށްލަން” އަބްދުއްރަޢޫފު ބޭނުންވީ ޒަލަފްގެ ސަމާލުކަން މަސައްކަތަކަށް އަނބުރާލާށެވެ.
* * * *
ބަލިމީހުން ބެލުމަށް ހަމަޖެހިފައި އޮތް ވަގުތު ހަމަވުމާއެކު ޔަލާ އައީ ސިތާރާ ހޯދަން ނަރުސްކުދިންގެ ކައުންޓަރު ދޮށަށެވެ. އޭރު ދެތިން ނަރުހުން އެއްވެގެން އޮލަވާހަކައެއްގައި ތިބިއިރު އެތަނުގައި ސިތާރާ ވެސް އިންދާ ޔަލާއަށް ފެނުނެވެ. ކައުންޓަރުގައި ދެ އަތް އަޅުވާލި ޔަލާ ހުއްޓިގެން ހުރިތަން ސިތާރާއަށް ފެނުމާއެކު އަވަހަށް ތެދުވެގެން އައިސްފިއެވެ.
“ޔާލް ނައިސްގެން މި އިންނަނީ” ސިތާރާ ބުނެލިއެވެ.
“ހިނގާ ދަމާ” ޔަލާ މިހެން ބުނުމާއެކު އެތެރެއަށް ވަދެގެން ދިޔަ ސިތާރާ އެނބުރި އައީ އޭނަގެ އަތްދަބަސް ހިފައިގެންނެވެ.
(ނުނިމޭ)