HAGEEGATHAKEE

އަހަރުގެ ބޮޑު ޗުއްޓީއާ ދިމާކޮށް އަހަރެން ވެސް ފުރީ އުޅެބޮޑުވި އުފަން ރަށަށް ދާށެވެ. ތަޢުލީމީ ހަޔާތުގެ ފަހު ދެއަހަރު ކިޔެވުމުގައި ބުރަކޮށް އުޅުމަށްފަހު މައިން ބަފައިން އުފާވާނޭ ފަދަ ނަތީޖާ އަކާއިގެން އަހަރެން މިދަނީ ވަރަށް އުފަލުން ހުރެ އެވެ. މިއަދު އަހަރެންގެ މައިންބަފައިން  އަހަރެންގެ ގާތުގައި ނެތްކަމުގައި ވިޔަސް އެމީހުން ފަޚުރުވެރިވާނޭ ފަދަ ދަރިއަކަށް ވެވިއްޖެ ކަމުގެ ފުރިހަމަ ޔަގީން ކަމާއެކު އެވެ. ދެރައީ މައިންބަފައިންގެ ގާތަށް ދިޔަނަމަވެސް އެމީހުންނަށް އަހަރެންގެ ނަތީޖާ ނުދެއްކޭނެތީ އެވެ. އަހަރެންގެ ލޯބިވާ މަންމަ އާއި ބައްޕަ ވަނީ މިފަނާވަނިވި ދުނިޔެއާ އަލްވަދާޢު ކިޔާފައެވެ.

ލޯންޗުން ފޭބިގޮތަށް ފާލަމުގައި އަހަރެންގެ ފައިތިލަ ޖެހުމުން ވެސް އެކުރެވުނު އިޙްސާސާއި، މިހިތަށް ލިބިގެންދިޔަ ހިތްހަމަޖެހުމާއި އެލިބުނު ފިނިކަން ބަޔާން ކުރާނީ ކޮން ދުލަކުން ކަމެއް އަހަންނަކަށް ނޭނގުނެވެ. އުންމީދުން ފުރިގެންވި އަހަރެންގެ ދެލޯ އިތުރަށް ބޮޑުކޮށްލުމާއެކު ބަނދަރު މައްޗަށް އެއްވެފައި ތިބި މީހުންނަށް ވަކި ވަކިން ނަޒަރު ހިންގަން ފެށީމެވެ. ކެތްތެރި ކަން ކުޑަވެފައި ހުރި ފަދަ ގޮތަކަށް ކުރިއަށް ފިޔަވަޅު އަޅާލުމާއިއެކު އަހަރެން ބަލާ އެތަނަށް އައިސް ހުރީ ކާކުތޯ ހޯދުމަށް ރަށުތެރެއަށް ހިނގައިގަތީމެވެ.

“ރާނިޔާ…” ތަންކޮޅެއް ދުރުން އަހަރެންގެ ބޮޑުދައިތަގެ އަޑު އިވުނެވެ. ދިގު ހެދުމުގައި ހުރި ބޮލުގެ ކަޅު އިސްތަށްޓަށްވުރެ ނުރަ އިސްތަށި ގިނަވެފައިވާ އުމުރުން ދުވަސްވީ އަހަރެންގެ ބޮޑު ދައިތައަކީ މިހާރު ދުނިޔޭގައި ހުރި ހަމައެކަނި އަހަރެންގެ ޢާއިލާ އެވެ. އަހަރެންދެކެ އެންމެ ލޯބިވާ މީހާ އެވެ. އަތުގައި އޮތް ފޮށި ދަމަމުން ދުވެފައި ގޮސް ބޮޑު ދައިތަގެ އަތުގެ ތެރެއަށް ވަދެވުނީ ޅަކުއްޖެއް ހެންނެވެ. އިހުސާސްވެގެން ދިޔައީ އަހަރެންގެ މަންމަގެ އުރަށް އައިސް ވަދެވުނު ފަދަ މަތިވެރި އިހުސާސެކެވެ. މަންމަ ގާތުގައި ނެތްކަމުގައި ވިޔަސް އެކަމުގެ ހިތާމައެއް އަހަންނަށް އުފުލާކަށް ނުޖެހެ އެވެ. ބައްޕައަކީ ރަށުގައި ނެތްވަރުގެ މޮޅު ކެއޮޅެކެވެ. ފުރާނަ ދިޔައީ ވެސް އެމަސައްކަތުގައި އުޅެނިކޮށް ކަމަށް ބޮޑު ދައިތަ ކިޔާދިނެވެ. އަދި މަންމަގެ ފުރާނަ މިވަގުތީ ޢާލަމާއި ވަކިވާން ޖެހުނީ ވިހެއުމުގެ ތެރޭގައި އެދެވޭ ފަރުވާ ނުދެވިގެންނެވެ. ނަމަވެސް ބޮޑު ދައިތަ ބުނާގޮތުންނަމަ އަހަންނާ އަހަރެންގެ މަންމަގެ ސިފަ ވައްތަރު ކަމުން، މަންމަ ނެތުމުގެ އުނިކަން ބޮޑުދައިތައަށް އިޙްސާސެއް ނުކުރެވެ އެވެ.

ބޮޑުދައިތަ، އިން މީހާ ވަރިކޮށްފައި ދިޔައީ ބޮޑުދައިތައަށް ދަރިން ނުލިބޭތީއެވެ. އޭގެ ފަހުން ބޮޑު ދައިތަ މީހަކާ ނީނދެ އެވެ. އަހަރެންގެ ހިތުގައި އެކަމާ ސުވާލު އުފެދުނަސް އެފަދަ ވާހަކައެއް ދައްކަން ނުކެރެނީ އެއީ ލަދު ވާހަކައެއް ކަމަށް ހީވާތީ އެވެ. ގެއަށް ވަދެވުމާއެކުހެން ބޮޑު ދައިތަ ކައްކާފައި ހުރި ރިހައިގެ މީރުވަސް އައިސް އަހަރެންގެ ނޭފަތުގައި ބޮސްދީފި އެވެ. ވަގުތުން ދެލޯ މަރާލެވުމާއެކު ތުންފަތުގައި ދޫހާކާ ލެވުނީ ކުޅުދިޔާވި ވަރުންނެވެ. ބަނޑުހައި ކަމުގެ ހިލަމެއް އެތެރެހަށިން  ކޮށްލީ ވެސް ހަމަ އެވަގުތު އެވެ. ހީވީ ކުޑަވަރެއްގެ މޯޓަރެއް ޖައްސާލިހެންނެވެ. ބަނޑުން އަޑުކިޔައިގެން ދިޔަ އެވެ. އެހިނދު ބޭއިޚްތިޔާރުގައި އަހަރެންގެ ބަނޑުގައި ފިރުމާލެވުނެވެ.

އަތްފައި ދޮވެލައިގެން ދަތުރު ސާމާނު ކޮޓަރީގައި ބަހައްޓާފައި ހެދުން ބަދަލު ކޮށްލައިގެން މެންދުރުގެ ކެއުމަށް އަހަރެން ކާމޭޒު ދޮށަށް ދިއައިމެވެ. ފަށާނީ ކޮންކޮޅަކުން ކަމެއް އަހަންނަކަށް ނޭނގުނެވެ. ބޮޑު ދައިތަ އަހަންނަށް ބަތް އަޅާދިނުމުން ދެން އިތުރަށް ކެތެއްނުވި އެވެ. ސުފުރާ މަތީ އަތުރާފަ ހުރިއްޔާ ހުރިވައްތަރެއް ތަށްޓަށް އަޅާލައިގެން މޮޑެލައިފީމެވެ.

“މް މް މް…. ހާދަ މީރޭ، މިހާ މީރު ކެއުމެއް ކެވުނު ހަނދާނެއް ވެސް މިހާރަކު ނެތް” ފުރަތަމަ އަނގަޔަށް ލެވުނު ސުވަލުން ވެސް އަހަންނަށް ބުނެވުނެވެ. ބޮޑު ދައިތަ ލުއި ގޮތަކަށް ހީނލުމާއިއެކު ރަނގަޅަށް ބަނޑު ފުރެންދެން ކާން ބުންޏެވެ.

ހަވީރު އަހަރެން އެކަނި މާ އެކަނި ނުކުތީ ރަށުތެރެ ކުޑަކޮށް ބަލާލާ ރަޙުމަތްތެރިންނާއި ބައްދަލު ކޮށްލުމަށެވެ. އަހަރެންގެ ގާތް ރަޙުމަތްތެރިން މިހާރު އުޅެނީ ރަށުގެ އެކި އެކި ވަޒީފާތަކުގަ އެވެ. ބައެއް މީހުން، މީހުނާ އިނދެ ދިރިއުޅުމެއް ވަނީ ފަށާފައެވެ. އެ އެންމެންގެ ތެރެއިންވެސް ހަސީނާއަކީ އަހަންނަށް ފާހަގަ ކޮށްލެވޭ ހިތްހެޔޮ ރަޙުމަތްތެރި އެކެވެ. އެހެންވެ އެންމެ ފުރަތަމަ ވެސް އަހަރެންގެ މިސްރާބު ހުރީ އެގެއާ ދިމާލަށެވެ. ކުއްޅަވައްފަލު ކައިރިން ހަސީނާ މެންގެއާ ދިމާލަށް ދަނިކޮށް މީހަކު ގޮވާލި އަޑު އިވުނެވެ. ދަންނަ މީހަކު އެދިމާލުގައި އުޅެނީ ކަމަށް ހީވެ އަވަސް އަވަހަށް ބަލާލެވުނީ ޝައުގުވެރި ކަމާއިއެކު އެވެ. ނަމަވެސް ލިބުނީ ހައިރާންކަމެވެ. އަޑު އައީ ކުއްޅަވައްފަލާ ދިމާލުންކަން އަހަންނަށް ޔަގީންވާއިރު އެދިމާލުގައި އެކަކުވެސް ފެންނާކަށް ނެތެވެ. ފަހަތަށް ވެސް ބަލާލެވުނީ ދެނެވެ. ވަށައިގެން ހޯދާ ލާފައި ހީވި ހީވުމެއް ކަމަށް ނިންމާ ކުރިއަށް ހިނގައިގަތީމެވެ.

“ރާނިޔާ” ދެތިން ފިޔަވަޅު ކުރިއަށް އެޅުނު ތަނާ އަނެއްކާ ވެސް މީހަކު ގޮވާލި އެވެ. އަޑުގައި ހުރި ބަރުގޮތުން އަހަންނަށް އެއަޑު ވައްތަރުވީ ފިރިހެނަކާ އެވެ. މިފަހަރު އަޑު އައީ ފަހަތުންނެވެ. ކުއްލިއަކަށް ފަހަތަށް އެނބުރިލުމާއެކު ސިއްސައިގެން ހިނގައްޖެ އެވެ. ވާނީވެސް އެހެންތާ އެވެ. މީގެ ކުރިން އަހަރެންގެ ފަހަތުގައި މީހަކު ނެތެވެ. އެކަމަކު މިހާރު ފެންނަން އެހެރީ އިސްކޮޅުން ބޮޑު ފިރިހެނެކެވެ. މަގުގައި ވެސް އަހަރެން ނޫން މީހަކު އެވަގުތު ނެތްކަން އަހަންނަށް ޔަޤީން ވާއިރު މި މީހަކު ކުއްލިއަކަށް މިއައީ ކޮންތާކުން ކަމާއިމެދު ހިތުގައި ސުވާލު އުފެދުނެވެ. މަގުގެ ފަޅުކަމުން ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ހިތަށް އިހްސާސް ކުރެވުނު ކަމުގައިވިޔަސް އަހަރެން ބެލީ އެކަން ބޭރަށް ފާޅު ނުކޮށްވޭތޯ އެވެ.

“ތީ ކާކު؟ ކަލޭތަ އަހަންނަށް ގޮވީ” ވަރަށް ސާބިތުކަމާއިއެކު އަހާލީމެވެ.

“ރާނިޔާގެ މަންމަ ސުދާ މިއަދު ދުނިޔޭގައި ހުރިނަމަ އަހަރެން މީ ކާކުކަން ރާނިޔާއަށް ބުނެދޭނެ”  އެމީހާ ބުންޏެވެ. އޭނާގެ މޫނަށް އަހަރެންގެ ނަޒަރު ހުއްޓުނު ގޮތަށް އެހެން ދިމާލަކަށް ބަލާލާނެހާ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ. އަލި މޫނެކެވެ. ފިރިހެންވަންތަ ވެފައި ހީވަނީ މެދުއުމުރުގެ ފިރިހެނެއް ހެންނެވެ. ބޮލުގެ އިސްތަށިގަނޑު ކަޅުވެފައި ވަރުގަދަ ކަމަށް ދައްކަ އެވެ. ހަށިގަނޑުން ބޮޑު ހައިބަތު ހުރި މީހެއް ކަމަށް ދެއްކި ނަމަވެސް އޭނާގެ އަޑުގައި ވަނީ މަޑުމޮޅި ކަމެވެ. ހިތްތިރި ކަމެވެ. އަހަރެންގެ މަންމަގެ ނަން އެމީހާގެ ދުލުން އިވުމުން ވެސް އެއީ އާދައިގެ މީހެއް ނޫނޭ އަހަރެންގެ ހަވަނަ ހިއްސު ހަނާ އަޅާލީ ކީއްވެ ކަމެއް ނޭނގެ އެވެ.

“މަންމަ… ކިހިނެއް މަންމަ އެނގެނީ، ތީކާކު ކަމެއް އަދިވެސް ނުބުނަމެއްނު” އެއީ ކާކުކަން އެނގެން ބޭނުންވެފައި ހުރިވަރުން އަހަންނަށް ބުނެވުނެވެ.

“ރާނިޔާ މިރަށަށް އަންނާނެ އިރަކަށް އަހަރެން ވަރަށް އިންތިޒާރު ކުރިން، އަހަރެން ކިޔާދޭން ބޭނުންވެފައި ހުރި އެތައް ވާހަކައެއް އެބަހުރި، ރާނިޔާގެ ގާތުގައި އުޅޭ މީހުން ރާނިޔާއަށް ވަނީ ވަރަށް ބޮޑު ކަމެއް އޮޅުވާލާފައި، އަހަންނަކީ ދުނިޔޭގަ އުޅޭ މީހެއްކަމަށް ވެސް އެމީހުން ނުހެދި، ރަށުން ބޭރަށް ރާނިޔާ ކިޔަވަން ފޮނުވާލީ ވެސް އެހެންވެ، ރާނިޔާގެ މަންމަ މަރުވީ އާދައިގެ މަރަކުންނޫން” އެމީހާ ބުންޏެވެ.

“ތިކަން އަހަންނަށްވެސް އެނގެޔޭ، ވިހެއުމުގެ ތެރޭ މަންމައަށް ބޭނުންވާ ފަރުވާ އޭރު ރަށުގައި ދެވެން ނެތުމުން މަންމަގެ ފުރާނައާ އަލްވަދާޢު ކިޔަން ޖެހުނީ، ބޮޑު ދައިތަ ވަނީ އަހަންނަށް ހުރިހާ ވާހަކައެއް ކިޔައިދީފައި، ކަލެއަށް އަހަރެންގެ މަންމަ އެނގެނީ ކިހިނެއް، ތީ ކޮން ނަމެއް ކިޔާ މީހެއް، މިރަށު މީހެއްތަ؟” އަހަންނަށް އެމީހާ ފެންނަލެއް ތަފާތު ކަމުން އަނެއްކާވެސް އެހުނެވެ.

“އަހަންނަށް ކިޔަނީ ޔޫދު، ސުދާ ވިހެއީ އަހަރެންގެ ދަރިއެއް، އެކަން ޙާޖީބެއަށް އެނގޭނެ، އޭނާގެ އެއްފަޅި ވާވެފައި އޮތަސް އަދިވެސް އެއޮތީ ދުނިޔޭގައި، ސުދާ މަރާލީ ޙާޖީބޭ، އަހަރެން ދުނިޔޭގައި ހުރިހާ ދުވަހަކު އޭނާ ޖެހޭނީ އެހާލުގައި އޮންނަން…” ޔޫދުގެ ވާހަކަ އަހަންނަށް މެދު ކަނޑާލެވުނީ ޤަބޫލު ނުކުރެވިގެންނެވެ. އޭރު ޔޫދުގެ އަޑުގައި ކުރިއާއި ތަފާތު ހަރުކަށިކަމެއް އެކުލެވިފައި ހުއްޓެވެ.

“ސުދާގެ ހުރި ހަމަ އެކަނި ދަރިއަކީ އަހަރެން، އެކަމަކު އަހަރެންގެ ބައްޕައެއް ނޫން ތީ، އަހަރެންގެ ބައްޕަޔަކީ ކެއޮޅު ޢަލީ، ތިދައްކާ ވާހަކައެއް އަހަންނަކަށް ނޭނގުނު” ކަންބޮޑުވެފައި ދެފަރާތަށް ބޯހޫރާލަމުން އަހަންނަށް ބުނެވުނެވެ. އެވަގުތު ހުރިހާ ވާހަކައެއް ޔޫދު ކިޔާދޭން ފެށި އެވެ. އަހަންނަށް މަޑުމަޑުން ކަންވީގޮތް އޮޅުން ފިލަމުންދިޔަ އެވެ. އަހަރެންގެ ކުރިމަތީގައި ހުރީ ފުރިހަމަ އިންސާނެއްގެ ސިފަ ލިބިފައި ވިޔަސް އިންސާނެއް ނޫންކަން އެއީ އެނގުމުން ކުޑަކުޑަ ހިނދުކޮޅަކަށް ޖެހިލުންވި ނަމަވެސް އެނުތަނަވަސްކަން ފިލައިގެން ހިނގައްޖެ އެވެ. އަހަރެންގެ މަންމަ ސިފަކޮށްދިނުމުގައި ޔޫދު ވަރަށް މޮޅެވެ. ބޮޑު ދައިތައަށް ވުރެ ފުރިހަމައަށް ޔޫދު އަހަންނަށް އަހަރެންގެ މަންމަގެ ގޮތް ކިޔާދިނެވެ. ކީއްވެކަމެއް ނޭނގެ އެވެ. މަންމަ ފެނުމުގެ ނަސީބު ލިބުނު ނަމައޭ އެވަގުތު ހިތަށް އެރިލެއް ބޮޑުކަމުން އަހަރެންގެ ދެލޮލަށް ކަރުނަ ޖަމާވެގެން ދިޔަ އެވެ. ޔޫދު އަހަރެންގެ މަންމަދެކެ ލޯބިވާވަރު އޭނާ ނުބުނި ކަމުގައި ވިޔަސް އަހަންނަށް އިހްސާސް ކުރެވުނެވެ.

“އެމީހުން އަހަރެން މިރަށުގައި ހައްޔަރު ކުރީ، ބޭނުންވީ އަހަރެން އަންދާލާ، ނެތިކޮށްލަން، އެކަމަކު އިތުރަށް ކަމެއް ނުކުރެވުނީ ޙާޖީބެ ވާގިނެތުނީމަ، އަހަރެންގެ ވެސް ޢާއިލާއެއް އޮންނަކަން އޭނާ ހަދާންހުރިނަމަ، އަހަންނަކީ މީހުން މަރާ މީހެއް ނޫން، އެހެންވެ ޙާޖީބެ ދުނިޔޭގައި އޮތްހާ ދުވަހަކު އަހަރެން ހުންނާނީ މިރަށުގައި ހައްޔަރުވެ ބަންދުވެފައި، އެކަން އެނގޭތީ އަހަރެން އިންތިޒާރު ކުރަމުން މިއައީ ރާނިޔާ އެނބުރި ރަށަށް ބަދަލުވާނެ ދުވަހަކަށް، އަހަރެންގެ ދަރިފުޅަށް އޭނާގެ ބައްޕަ އާއި ބައްދަލު ވެ އެއީ ބައްޕަކަން އަންގަން ބޭނުންވާލެއް ބޮޑުކަމުން، ދަރިފުޅުގެ އުމުރުން ފުރާވަރަށް އަޅަންދެން ވެސް އެމީހުން ދަރިފުޅު ގެންގުޅުނީ ބައްޕައަށް ފޮރުވައިގެން، އަނެއްކާ ދަރިފުޅު ހޯދަން އެގެއަކަށް ބައްޕައަކަށް ނުވަދެވޭ” ޔޫދުގެ ދެލޯ ވެސް ވަނީ ފެންކަޅިވެފައެވެ.

“ބައްޕާ” އަހަރެން ޔޫދަށް އެނަމުން މުޚާތަބު ކުރީ އެކަމަށް އޭނާ ބޭނުންވެފައި ހުރިކަން އެނގޭތީއެވެ. އެވަގުތު އަހަރެންގެ ބޮލުގައި ޔޫދު ފިރުމާލީ ބަފައިވަންތަކަމުގެ ލޯތްބާއި ކުލުނާއިއެކުއެވެ. އަހަރުމެން ދެމީހުންގެ މެދުގައި ކިތަންމެ ބޮޑު ފަރަގެއް ހުއްޓެއްކަމަކު އެހިނދުކޮޅުގައި އެތަނުގައިވީ ބައްޕަ އަކާއި ހަޤީޤަތް އޮޅިފައިވާ ދަރިއެކެވެ. ދެހިތުގައިވަނީ އެއް ޝުއޫރެކެވެ. ނަމަވެސް އަހަރެންގެ ސިކުނޑީގައި ސުވާލުތައްވަނީ ގިނަވެފަ އެވެ. އޭގެ ޖަވާބު ޔޫދުގެ ފަރާތުން ލިބުނު ކަމުގައި ވިޔަސް އެވެ. ޚުދު އަހަންނާމެދު ވެސް ސުވާލު އުފެދޭ ކަންކަން އެބަހުއްޓެވެ. މިހާ ދުވަހު އަހަރެން “ބައްޕަ”ކީ މީހާއާ އަހަންނާ ވައްތަރު އެއްވެސް ސިފައެއްނެތީ ކީއްވެކަމެވެ. މަންމައާ އަހަރެން ވައްތަރުވިޔަސް ފޮޓޯތަކުން ފެންނަ މަންމަގެ ލޯ އަހަރެންގެ ލޮލާ ތަފާތެވެ. އިސްކޮޅުން އަހަރެން ދިގެވެ. މަންމައާ ބައްޕައަކީ ވެސް އިސްކޮޅުން ކުރު ބައެކެވެ. މިސިފަތައް އަހަންނަށް ލިބުނީ ކިހިނެއްބާ އެވެ.

ޔޫދާއި ވަކިވެގެން އަހަރެން ހިނގައިގަތީ ގެއާއި ދިމާލަށެވެ. ހަސީނާ މެންގެއަށް ދިއުމަށްވުރެ މިވަގުތު އެނބުރި ގެއަށްދިއުން މުހިންމު ކަމެއްކަމަށް ފެންނާތީއެވެ. އަވަސް ފިޔަވަޅުގައި ހިނގާފައި އައިސް ގެއަށް ވަދެވުމާއިއެކު އަހަރެން އެންމެ ފުރަތަމަ ވެސް ކުރިމަތިލީ ބޮޑުދައިތައާ އެވެ.

“ބޮޑުދައިތާ، ޙާޖީބެ އެހެން ހެދީ ކީއްވެތަ، ޔޫދު، އަހަރެންގެ މަންމައަށް އެއްވެސް ކަމެއް އޮޅުވައެއް ނުލާ، މިއަދު އެހެން ނޫންނަމަ އަހަރެންގެ މަންމަވެސް ދުނިޔޭގަ ހުރީހެއްނު، އަނެއްކާ ބައްޕަ، މިބުނީ ކެއޮޅު ޢަލީ، އޭނާ މަރާލީ ބޮޑުދައިތަ ފިރިމީހާ މިގޭ އޮޑިޔަށް ކުރި ކަންވެރިކަމެއްގަ، ޔޫދަށް މިގެއަށް ވެސް ނުވަދެވޭގޮތް ހަދާފަ މިހިރީ، އަހަރެން ބޭނުމެއްނޫން އެހެންވާކަށް، އޭނާ އަހަރުމެންނަށް ގެއްލުމެއްނުދޭނެ، އެއީ އަހަރެންގެ ބައްޕަ އެއްނު، އަހަރުމެން ނޫނަސް އެހެން މަޚުލޫގުން ދުނިޔޭގައި އުޅޭ، ޙާޖީބެ އެއުޅުނީ އެކަންވެސް ނެތިކޮށްލަންތަ، ކޮންމެ ގޮތަކަށް ކަންތައްވިޔަސް، މީހަކު މަރާލަން ޖެހޭތަ، ޔޫދަށް ވެސް ޙާޖީބެ މަރާލެވިދާނެ، އެކަމަކު އޭނާ އެހެން ކަންތައް ކުރާކަށް ބޭނުމެއްނުވޭ، އޭނާ ބޭނުންވަނީ ހަމަ އެކަނި އޭނާގެ ދަރިފުޅު” އަހަރެން ދެރަވެފައި ހުރިވަރުން ވާހަކަދެއްކުނީ ދުވަހަކުވެސް ބޮޑުދައިތައާ ވާހަކަ ނުދައްކާހާ ހަރުކަށި ގޮތަކަށެވެ.

“ދަރިފުޅާ، ޔޫދާއި ދިމާވީތަ” ބޮޑުދައިތަ ވާހަކަ ދެއްކީ ވަރަށް މަޑުމައިތިރި ކަމާއެކު އެވެ. އަދި އަހަރެންގެ އަތުގައި ހިފައިގެން އައިސް ސިޓިން ރޫމުގައި ހުރި ސަރަންފީއެއްގައި ބައިންދާ އަހަރެންގެ ގާތުގައި އިށީނދެއްޖެ އެވެ.

“ބޮޑު ދައިތަ ޤަބޫލު ކުރިން ސުދާ ދެއްކި ހުރިހާ ވާހަކައެއް، އެކަމަކު އެއީ ބައްޕަ ދުނިޔޭގައި ކަމަށްވާތީ އެކަމަށް ބަހެއް ބުނުމުގެ ހުއްދަ އެކަކަށް ވެސް ނޯންނާނެ، ބޮޑު ދައިތައަށް އެނގޭ ޔޫދާއި ދަރިފުޅާ ދިމާވާނެކަން މިރަށަށް އައުމުން، ޔޫދު އެބުނީ ތެދެއްކަމަށް ބޮޑު ދައިތަ ހެކިވަން، ސުދާ ވިހޭ ވަގުތު ޔޫދު ހުރިނަމަ ދެމައިން ވެސް ސަލާމަތްވާނެކަން ބައްޕަމެނަށް އެނގޭ، އެކަމަކު އެމީހުން މަސައްކަތް ކުރީ ދަރިފުޅު މަރާލާފައި ސުދާ ސަލާމަތް ކުރަން، ފުރިހަމައަށް ބޮޑުވެފައި އޮތް ދަރިފުޅު މަރާލުމަކީ ފަސޭހަ ކަމަކަށް ނުވި، ވިހޭ ގެތެރޭގައި ދައްތަ ހުރި އިރު ސުދާގެ އެންމެ ފަހު ބަހަކަށްވެސް ވީ، އަހަރެން ދިޔަޔަސް އަހަރެންގެ ދަރީގެ ފުރާނައަކީ އެމީހުންގެ އެއްޗެއް ނޫނޭ، އަދި ބޮޑު ދައިތަ ލައްވާ ވަސިއްޔަތް ކުރުވި، ޔޫދު ބޭނުންވާ ދުވަހަކުން ދަރިފުޅު ޔޫދާއި ހަވާލު ކުރުމަށް، ޔޫދުގެ އެއްވެސް ކަމަކަށް ހުރަސް ނޭޅުމަށް އަދި ދަރިފުޅު ހެޔޮގޮތުގައި އަމިއްލަ ދަރިއަކު ފަދައިން ބަލާދިނުމަށް” އަބަދު ހިނިތުންވެލައިގެން ހުންނަ ބޮޑު ދައިތަ އަހަރެން ގެނެސް މޭގައި ބޮނޑިކޮށްލުމާއެކު ރޯން ފެށި އެވެ.

“ޔޫދު ބުނި ބޮޑުދައިތަމެން އަހަރެން ގެންގުޅުނީ ޔޫދަށް ފޮރުވައިގެން ކަމަށް” އަހަރެން ސުވާލު ކުރީމެވެ.

“އާނ! އެވެސް ތެދެއް، ދަރިފުޅުގެ ކާފަ، ޙާޖީބޭ ލައްވާ ހެއްދުވި ތަވީދެއް ދަރިފުޅުގެ ކަރުގައި އަޅުވާފައި އޭރު އޮންނާނެ، ފެންނަ ފެނުމަށް އެފަދަ އެއްޗެއް ލާފައި އޮންނަ ވައްތަރެއް ނުޖަހާނެ، އެހެންވެ ދަރިފުޅަށް ވެސް ބޮޑުވަމުން އައިއިރު އެކަން ނޭނގުނީ، އޭރުވެސް ބޮޑުދައިތައަށް ދޭތެރެއަކުން ޔޫދު މިގޭ ދޮށުން ފެނޭ، އޭނާ އެއްވެސް މީހަކަށް ގެއްލުން ދޭން ނޫޅޭކަން ވެސް އެނގޭ، ދަރިފުޅު ފުރާވަރަށް އެޅުމުން ދަރިފުޅުގެ ކާފަ، ދަރިފުޅު މާލެ ފޮނުވާލީ، ހަނދާންވޭތަ ބޮޑުދައިތަ އެދުވަހު ދަރިފުޅުގެ ކަރުގައި އޮތް ފަށް ނެގިހަނދާނެއް، ބުނީމެއްނު އެއީ ދަރިފުޅުގެ މަތިން ހަނދާންކޮށްދޭ އެއްޗެއް ބޮޑު ދައިތަ އަތުގައި ބާޢްވަން ކުރިކަމެކޭ، ހަޤީޤަތަކީ، ދަރިފުޅާއި ޔޫދާއި ބައްދަލުވި ހަމައެކަނި ސަބަބަކީ އެދުވަހު ބޮޑުދައިތަ އެފަށްނެގީމަކަން” ބޮޑުދައިތަ އަހަރެންގެ ނިތްކުރިމައްޗަށް ވެއްޓިފައި ހުރި އިސްތަށިތައް ރީތިކޮށް ދެފަރާތު ކަންފަތްކައިރީ އަޅުވާލަ ދެމުން އަހަރެންގެ ނިތްކުރީގައި ބޮސްދިނެވެ.

“ދެން ކީއްވެ ކެއޮޅު ޢަލީ އަހަރެންގެ ބައްޕަކަމަށް ބުނީ، މަންމަ އޭނާއާ ކައިވެނިކުރިތަ؟” ހުރިހާކަމެއް އެނގުނެއްކަމަކު ކެއޮޅުޢަލީއާ ބެހޭގޮތުން އެއްވެސް އެއްޗެއް އަހަންނަށް ނޭނގުނީތީ ބޮޑުދައިތައާ ސުވާލުކުރީމެވެ.

“ދަރިފުޅުގެ ކާފަ، ސުދާގެ ކައިވެނި ކެއޮޅުޢަލީއާ ކުރުވިތަނާ ސުދާ އާއި ޔޫދުގެ ގުޅުން ފަޅާއެރީ، އެހެންވެ ދަރިފުޅު ބޮޑުވަމުން އައިއިރުވެސް މިރަށުމީހުންނަށް ދަރިފުޅަކީ ކެއޮޅުޢަލީގެ ދަރިއެއްކަމަށް ހީވެ އޮތީ، އެއީ ވަރަށް ރަނގަޅު މީހެއް، މިއަދު ދުނިޔޭގައި ހުރިނަމަ ދަރިފުޅަށް ހަޤީޤަތް ކިޔައިދީނީސްކަން ޔަޤީން” ބޮޑުދައިތަ ބުންޏެވެ.

އަހަރެން މިހިރީ ފުރިހަމަ އިންސާނެއްގެ ގޮތުގަ އެވެ. މީހަކު ޢައިބު ކިޔާނޭ އެއްވެސް ސިފައެއް ނެތެވެ. އެކަމާ ހައިރާންވެ އަންތަރީސް ވިޔަސް މިއީ އޮޅުވާނުލެވޭނޭ ތެދެކެވެ. އަހަރެންގެ ހަޤީޤީ ބައްޕަ އާއި ދިމާވީތީ އުފާވެއްޖެ އެވެ. އެއީ ކާކުކަން މިއަދު އެނގުނީ އެކަމަށް ތައްޔާރުވެސް ނުވެހުއްޓަ އެވެ. އެހެންނަމަވެސް ޔޫދު ފަދަ ބައްޕައެއްގެ ދަރިއަކަށް ވުމީ ލިބުނު ނަސީބެއްބާއޭ ވެސް އަހަރެންގެ ހިތަށް އަރަ އެވެ. ލުއިލުއި ހިނިތުންވުމަކާއިއެކު އަހަރެން ބޮޑުދައިތަގެ ގައިގާ ބައްދާލީމެވެ. ދުވަހަކުވެސް ބަދަލު ނުކުރެވޭނޭ ހަޤީޤަތަކީ މިއީ އެވެ. އަހަރެންގެ ބައްޕައަކީ އިންސާނެއް ނޫންކަމެވެ. އެހެންނަމަވެސް އަހަރެން މިދުނިޔެއަށް އުފަންވީއްސުރެން ފެށިގެން ވެސް މިހުންނަނީ އިންސާނެއްގެ ގޮތުގައި ކަމެވެ. އިންސާނެއްގެ ހުކުމް ހިނގާކަމެވެ.

… ނިމުނީ …

Leave a Comment

Your email address will not be published. Required fields are marked *