ANDHIREEGE THEREYN [ 06 ]

“ނިޒާރުބޭ، ރޭގަވެސް ހާދަވަރެއްވިޔޭ، މިގަޑީގަ އެވަރުވެއްޖެއްޔާ މިމަންޖެ ހިފެހެއްޓޭނަތަ” ދާރާ އަހާލިއެވެ.

“އެކޮއެ، ބޭބެ މިކަހަލަކަމެއް ނުކުރަން އަސްލު އަންހެނަކު މިތާ ބައިންދައިގެނެއް، އެއީ އެހާ ރަނގަޅުކަމެއްވެސް ނޫން، އެކަމަކު ކޮއްކޮއަށްވެފަ، މިތާ މިއޮތީ ކޮއްކޮގެ ދަރިއަކަށްވީމަ ބޭބެ ހުއްދަ މިދިނީ، ދެން ބުނަން، އެއްގޮތަކަށްވެސް ބިރުގަންނާނެކަމެއްނެތް، މިތަނުގަ ނުކެރޭނެ ވަރުއަރުވާލާކަށް” ނިޒާރުބެ ވަރަށް ޔަގީން ކަމާއިއެކު ބުންޏެވެ. ދާރާ މަޑުމަޑުން ބޯޖަހާލުމާއިއެކު ބަލްމާގެ ގާތުގައި އިށީނދެލައިގެން އިންގޮތަށް އިނީއެވެ. ނިޒާރުބެ ބޭނުންވާނެ އެއްޗެހި ހަމަކޮށްލުމާއިއެކު މަސައްކަތް ފަށައިފިއެވެ. ކިޔަވަން ފެށިތާ ގިނައިރެއްނުވެ ބަލްމާގެ ހަށިގަނޑަށް ބަދަލުތައް އަންނަންފެށިއެވެ. ގޮތްގޮތަށް ތެޅެމުން ގޮސް މެދުހަށި އުފުލަން ފެށިއެވެ. އޭގެ އިތުރުން ކުއްލިއަކަށް ނުބައި ބަރުއަޑަކުން ބަލްމާ ހަޅޭލަވައިގަނެއްޖެއެވެ. އަދި މީހާ އުއްޑުން އޮވެ ހަތަރެސްފައި ޖަހައި މެދުހަށި އުފުލަން ފެށިއެވެ. އެހިނދު ނިޒާރުބެ ކިޔަވަން ބޮލުގައި އަޅައިގެން އިން ރުމާ ނަގާ ބަލްމާގެ މެދުހަށީގައި ޖެހުމާއިއެކު ހީވީ ކަނޑާވައްޓާލިހެންނެވެ. ކުއްލިއަކަށް ބަލްމާ އޮތްތަނަށް ވެއްޓުމާއިއެކު މައިތިރިވެއްޖެއެވެ. އެހެން މާގިނައިރަކު ނޯތެވެ. އަޑުގެ ނެތްތަނަ ހަޅޭލަވަންފެށީ ކަރުބުޑުން ނުބައި އަޑެއް ނެރެގެންނެވެ. ބަލްމާގެ އަޑެއްނޫންކަން އެއީ އެތާތިބި އެންމެނަށްވެސް އެނގޭނެއެވެ. ނިޒާރުބެ، ބަލްމާގެ ނިތްކުރީގައި ހާކާލި ފެންފޮދާއިއެކު ބޮޑުވައި އިނގިލިން ނިތްކުރީގައި އަޅައި ބާރުކޮށްލިއެވެ.

“އޭތް، ކާކު ބިރުގަންނުވަންތަ ތިހާ ބާރަށް ތިހަޅޭލަވަނީ، މިހާރު ތިއޮތީ އަހަރެންގެ ބާރުގެ ދަށުގަ، އެހެންވީމަ ހަޅޭނުލަވާ ރީތިގޮތުގަ މިކުއްޖާއަށް ގޯނާ ނުކޮށް އިސްލާމްވޭ” ނިޒާރުބެ ބުންޏެވެ. އެއާއިއެކު ބަލްމާ މަޑުމަޑުން އޮންނަން ފެށިއެވެ. އަނގައިންނެއް ނުބުނެއެވެ.

“އޭނަ މިތާ އެބަހުރިތަ” ނިޒާރުބެ ބަލްމާގެ ގާތުގައި އަހާލިއެވެ. އެއާއިއެކު ދެލޯމަރާގައިން އޮތް ބަލްމާ މަޑުމަޑުން ބޯޖަހާލިއެވެ. ނިޒާރުބެ އިތުރު އެއްޗެއް ނުބުނެ ކިޔަވަމުންދިޔައެވެ. ކިޔަވާވަރަކަށް ބަލްމާއަށް ފޯރާ އުނދަގޫ ބޮޑުވަމުން ދިޔައެވެ. އެހެންނަމަވެސް މިހާރު ހަޅޭލަވާ ބަލްމާގެ ހަށިގަނޑަށް ގެއްލުން ލިބޭފަދަގޮތަކަށް އޭނާގެ ހަރަކާތްތަކެއް ނުހުރެއެވެ. ބާރަށް ދެފަރާތަށް ބޯހޫރުވަމުން ބަލްމާ ދިޔައެވެ. ނިޒާރުބެ ވާހަކަދައްކަމުން ދިޔައީ ބަލްމާ އާއި އަވަލައިގެން އުޅޭ ޖިންނިއާއިއެވެ. އޭތި އިސްލާމްވުމަށް އެތަށް ފަހަރަކު ބުނަމުންދިޔައެވެ. އެންމެފަހުން އެދެވޭ ގޮތެއްނުވުމުން، ޖިންނި އަންދާލާނަންކަމުގެ އިންޒާރު ނިޒާރުބެ ދިނެވެ. އަދި ކިޔަވަންފެށީ ޖިންނި އަންދާލުމުގެ ބޭނުމުގައެވެ. ގިނައިރެއްނުވެ ބަލްމާގެ ދުލުން ޖިންނި ވާހަކަދައްކަން ފެށިއެވެ. އެތަށް ސުވާލެއް ބަދަލުކުރެވިގެން ދިއުމަށްފަހު ޖިންނި އިސްލާމްވެއްޖެއެވެ. އަދި އިސްލާމްވުމަށްފަހު ބަލްމާގެ ހަށިގަނޑުން ޖިންނި ނުކުތީ ދެން ދުވަހަކުވެސް ބަލްމާއަށް ގޯނާއެއް ނުކުރާނަން ކަމަށް ވަޢުދުވެފައެވެ.

ބަލްމާ ލޯހުޅުވާލިއިރު އޭނާގެ ހަށިގަނޑަށްވަނީ ވަރުބަލިކަމެއް އިޙްސާސް ކުރެވިފައެވެ. އެހެންނަމަވެސް އެތަނުގައި ހިނގާދިޔަ އެއްވެސް ކަމެއް ބަލްމާގެ ހަނދާނުގައި ހަރުލާފައެއްނެތެވެ. ހަށިގަނޑުގެ އެކިހިސާބުގައި ރިހުންއެކުލެވިފައި ހުއްޓެވެ. އޮތްތަނުން ތެދުވީ ދާރާގެ އެހީގައެވެ. ދަރިފުޅު ގާތްކޮށްލައިގެން އިށީނދެލައިގެން ދެމައިން ތިބިއިރު ނިޒާރުބެ ދިޔައީ އެއްޗެއް ލިޔެ ތައްޔާރު ކުރަމުންނެވެ.

“އަން، މީތި މިމަންޖެ ނިދާ ބާލީސް ދަށަށް ލާ، އިރާދަކުރެއްވިއްޔާ މިކަމުން މި ސަލާމަތްވީ” ނިޒާރުބެ ހަތަރެސް ކަނަށް ލިޔެފައި އޮތް ކަރުދާސްކޮޅެއް އަންބަރުގެ އަތަށް ދިއްކޮށްލަމުން ބުންޏެވެ.

“ބާލީހު އުރައިގެ ތެރެއަށްތަ، ނޫނީ ހަމަ ބާލީހުގެ ދަށުގައިތަ”  ދާރާ ޔަގީންކޮށްލަން ބޭނުންވިއެވެ.

“މައްސަލައެއްނެތް ބާލީހުގެ އުރައިގެ ތެރެއަށް ލިޔަސް، އެކަމަކު ބޯދަށުގައި އޮންނަންވާނީ” ނިޒާރުބެ ތެދުވަމުން ބުންޏެވެ. އޭނާ އާއިއެކު އަންބަރުމެންވެސް ތެދުވެއްޖެއެވެ.

“ނިޒާރުބޭ، މީނަ ބޭރަށް ނުކުތަސް ރަނގަޅުވާނެތަ، ނޫނީ ވަކި ދުވަހެއްވަންދެން ގޭގައިތަ ބަހައްޓަންވީ” ދާރާ އެކޮޓަރިން ނުކުތުމުގެ ކުރިން އަހާލިއެވެ.

“މިހާރު ތިހިރީ ރަނގަޅުވެފަ، ދެން އެންމެ ރަނގަޅުވާނެ ބޭރަށް ނުކުތަސް، އެކަމަކު މިވަގުތު އޭނާ ހުންނާނީ ވަރަށް ވަރުދެރަވެފައި، އެހެންވީމަ ރަނގަޅުވާނީ ޓެކްސީއެއްގައި ގެންދިއުން، ގެއަށް ގެންގޮސް އަވަހަށް އެމަންޖެއަށް ކާއެއްޗެއްދީ” ނިޒާރުބޭގެ ފަހުބަސް ބުންޏެވެ. ބަލްމާ ގޮވައިގެން އަންބަރުގެ ދެމަފިރިން ގެއަށް ދިޔައީ ޓެކްސީއެއްގައެވެ.

އަންބަރުމެން ގެއަށް އައިއިރު ބަތީލާއި މުނީބުގެ ދެމަފިރިންނާއި އެމީހުންގެ ކުޑަދރިފުޅުވެސް ތިބީ ސިޓިން ރޫމުގައެވެ. ބަތީލު އޭނާއަށް ވަޒީފާ ހަމަޖެހުނުކަން މިންހާޖު އެންގީސުރެން ހުންނަނީ ވަރަށް އުފާވެފައެވެ. އެކަން ބަލްމާއަށް އަންގާހިތުން ކެތްތެރިކަން ކުޑަވެފައެވެ. ރޭގައި ބިރުން އުޅުކަން އޭނާ ހަނދާނެއްވެސް ނެތްކަހަލައެވެ. ސިޓިން ރޫމަށް ވަން ބަލްމާ ފެނުމުން އެންމެނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ތެދުވެވުނެވެ. ބަލްމާ ހީވަނީ ގިނަދުވަސްތަކެއްވަންދެން ބަލިއެނދުގައި އޮވެފައި ތެދުވެގެން އުޅޭހެންނެވެ. ދާރާގެ އެހީގައި އޭނާ ގެނެސް ސޯފާގައި ބެއިންދިއެވެ. ދެން އަވަސްވެގަތީ މެންދުރަށް ކައްކާފައި ހުރި އެއްޗެހިން އެތިކޮޅަކާއި ޖޫސްތައްޓެއް ގެނެސް ބަލްމާއަށް ދެވޭތޯއެވެ. ފަހަކަށް އައިސް ގިނައިން ކެޔަސް ބަނޑުނުފުރޭ ބަލްމާއަށް ކެވުނީ ވަރަށް ކުޑަކުޑަ އެތިކޮޅެކެވެ. އެއީއެކު އޭނާގެ ބަނޑުފުރި ކާހިތްވެސް ނެތިއްޖެއެވެ.

“ހިނގާ މަންމަމެންގެ ކޮޓަރިއަށް، އެތާ އަރާމުކޮށް ނިދާލާފައި ތެދުވަނިކޮށް ގައިގާ ވަރުޖެހިދާނެ” ދާރާ، ބަލްމާގެ ބުރަކަށީގައި ފިރުމާލަމުން ބުންޏެވެ. ބަލްމާއަށް ބުނެދޭން ނޭނގޭ ތަފާތުކަމެއް އިޙްސާސް ކުރެވެމުންދިޔައެވެ. އޭގެ އިތުރުން މަންމަގެ ފަރާތުން ލިބެމުންދިޔަ އޯގާތެރިކަމުން ހިތަށްވަނީ ވަރަށް ބޮޑު ހަމަޖެހުމެއް ލިބިފައެވެ. ކުރިންވެސް މަންމަ ގާތު ހުރިހާ ވާހަކައެއް ކިޔާދެވުނު ނަމައޭ ބަލްމާގެ ހިތަށް އަރަމުންދިޔައެވެ. ދާރާ އެއްގޮތަކަށްވެސް އޭނާދެކެ ރުޅި އައިސްގެނެއް ނޫޅެއެވެ.

ބަލްމާ ދާރާގެ އެނދުގައި އޮށޯވެލުމާއިއެކު ވެފަ ހުރި ވަރުބައްޔާއިއެކު ވަރަށް އަވަހަށް ނިދިއްޖެއެވެ. ނިދަން ބިރުގަންނަ ބަލްމާއަށް އޭނާއަށް ނިދުނީ ކިހިނެއްކަންވެސް ނޭނގެއެވެ. އަރާމު ފުން ނިންޖަކުން އެއްވެސް އުނދަގޫވުމެއްނެތި ނިދާލާފައި ބަލްމާއަށް ހޭލެވުނީ އިރުއޮއްސެން އުޅެނިކޮށެވެ. ނިދީގައި އެއްވެސް އުނދަގުލެއް ބަލްމާއަށް ވެދާނެތީ ދާރާގެ އެދުމަށް އެކޮޓަރީގައި މީހުން ތިއްބެވެ. އެގޮތުން ބަލްމާއަށް ހޭލެވުނު އިރު ރީތިވާ މޭޒު ކައިރީ ބަތީލު އިނެވެ. އޭނާއިނީ އެކޮޓަރިއަށް މުނީބު އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ބަލްމާއަށް ނިދިފައި އޮއްވާ އެގެއަށް ދިނާރު އޭނާ ހޯދުމަށް އައިކަން  އެނގުނީ ބަތީލުގެ ފަރާތުންނެވެ. ނިދާލާފައި ތެދުވުމުން ބަލްމާގެ ސިކުނޑިއަށްވަނީ ވަރަށް ބޮޑު ލުއިކަމެއް ލިބިފައެވެ. އަދި ބަތީލުގެ ދުލުން ދިނާރުގެ ނަން ނުކުތުމާއިއެކު، ދިނާރު ދެކެލުމުގެ ޝައުގުވެރިކަން ބަލްމާގެ ހިތާ ސިކުނޑީގައި އެނބުރިގަތީ ހައިރާންވާހާ މިންވަރަށެވެ.

“ސީރިއަސްކޮށްތަ، އޭނައަށް މިގެއަށް އަންނަން ކެރުނުކަން، މަންމަ ކީކޭ ބުނީ” ބަލްމާ އެނދުމަތީ ދެފައިވަށްކޮށްލަމުން އެހިއެވެ. މިހާރު ބަލްމާ ފެންނައިރު އޭނާއަށް ކަމެއްވިހެންވެސް ހީނުވެއެވެ. ބަތީލުގެ ކުރިމަތީ މިހާރު އިން ބަލްމާ އާއިމެދު އޭނާވެސް އިނީ ވަރަށް ހިތްހަމަޖެހިފައެވެ.

“އައްދޭ ހާދަވަރެއް ތިވަނީ، ގައިމު ބުނީމެންނު، ބޭނުންވަނީ ދިނާރާ ރުޅިވާށޭ” ބަތީލު ބުންޏެވެ.

“އަހަރެން އެހެން ބުނިންތަ” ބަލްމާ ހީނލާފައި ބުނެލިއެވެ.

“ހޫމް، ތި ބަލްމާ އެހެން ބުނީވެސް، އޭތް! އެނގޭތަ، ދިނާރު އައިސް މަންމަ އާއި ވަރަށް ވާހަކަދެއްކި، ދޮންބެވެސް ހުރި، ދިނާރު އައީ ޖަބުރޯލު ކޮތަޅެއް ހިފައިގެން، މަށަށް ހީވަނީ އެގޭ ގަހުންހެން” ބަތީލު ވާހަކަދެއްކިއެވެ.

“ބައްތު ހުރިންތަ އެތަނުގަ، މަންމަ ރުޅިއެއް ނާދޭތަ، ދޮންބެ ކީކޭތަ ބުނީ” ބަލްމާ އިނީ ދިނާރާ އޭނާގެ ޢާއިލާ މީހުނާއި ބައްދަލުވި ވަގުތު ހިނގާދިޔަ ހުރިހާ ކަމެއް އޮޅުން ފިލުވަން ބޭނުންވެފައެވެ.

“މަންމަ ހުރީ ކުޑަކޮށް ހިތްހަމަނުޖެހިފަ، އެކަމަކު ދޮންބެ ހުރީ ވަރަށް އިންޓްރެސްޓްވެފަ ދިނާރާއި ވާހަކަދައްކަން، ދިނާރު ބެލް ހޯދަންށޭ ބުނީމަ މަންމަ އަވަސް އަވަހަށް ބުނެފި، ބެލް އުޅެނީ ބަލިވެޔޭ، މިހާރު ނުކުމެވޭކަށްނެތޭ، ދެން ދިނާރު އަތުގަ އޮތް ކޮތަޅު މަންމައަށް ދީފަ ބުނީ އޭނައަށް ކިޔަނީ ދިނާރު ކަމަށާއި، ބެލްގެ ވަރަށް ގާތް ރަޙުމަތްތެރިއެއް ކަމަށް، އަދި އެކޮތަޅު ބެލް އާއި ހަވާލުކޮށްދިނުމަށް، ދޮންބެ ވަގުތުން ބުނެފި ދިނާރު ގާތު އެތެރެއަށް އަންނާށޭ، ކުޑަވާހަކައެއް ދައްކާލަން ބޭނުމޭ، މަންމަވެސް އެއްޗެކޭ ނުބުނެ ވައްތަރަކަށް ބަލަހައްޓައިގެން ހުރީ، ދޮންބެ، ދިނާރު ގާތުން އެހީ ބެލް އާއި ރަޙުމަތްތެރިކަން އޮންނަނީ ކޮންއިރަކުން ފެށިގެން ހޭ، ދެން ދިނާރަކީ ކޮންގެއަކު ކުއްޖެއްތޯވެސް އެހި، މަންމައަށް އެހުރިހާ ކަމެއް އެނގުނީ އޯކޭވިކަން މޫނުމަތިން ފެނުނު، އޭރުވެސް އަހަރެން ހުރީ ދުރުގަ އެމީހުން އުޅޭގޮތް ބަލަން، ދިނާރު ވަރަށް ޑީސަންޓު ވެގެން އައިސް އިނީވެސް، ހީވަނީ މިކަމަށް ވަރަށް ތައްޔާރުވެގެން އައިސް އިންހެން، މަންމަ ދިނާރު ގާތު އެހި ބެލްއަށް ދިމާވެގެން އުޅޭކަންތައް އެނގޭހޭ، ދިނާރު ހުރިހާ ވާހަކައެއް މަންމަމެނަށް ކިޔާދިން، ކޮންމެވެސް މީހެއް ކައިރިއަށް ފަންޑިތަ ހަދަން ގެންދިޔަ ވާހަކަވެސް، އަދި އެނގޭތަ ބެލް، އެންމެ ބޮޑު ސައިޕްރއިޒު އޮތީ އެނގޭ، ދިނާރު އެދިޔައީ މޮޅުކަމެއް ކޮށްލާފަ، އެވާހަކަ އަޑުއިވުނީމަ ބެލް ހޭނެތޭ ވަރުވާނެ” ބަތީލު އެންމެ ފަހުން ނީނދެވިގެން ބުންޏެވެ.

“އޭނަ ކީއްކުރީ” ބަލްމާ އަވަސް އަވަހަށް އަހާލިއެވެ.

“ކަމެއް ނުކުރޭ، އޭނަ ބުނި އެއްޗަކުން އެންމެންވެސް ތިބީ ޝޮކުވެފަ” ބަތީލު ބުންޏެވެ.

“ކީކޭތަ ބުނީ، ބައްތު އަހަރެން ހައްދަނީދޯ، ދިނާރަކަށް ނުކެރޭނެ މިގެއަށް އައިސް އެންމެނާ ވާހަކަދައްކާ ހަދާކަށް” ބަލްމާ ޤަބޫލު ނުކުރެވިގެން ބުނާފަދަ ގޮތަކަށް ބުންޏެވެ.

“ހަމަ ތެދަށް މިކިޔާދިނީ، އޭނާ ހުރިހާ ވާހަކައެއް މަންމަ އާއި ދޮންބެއަށް ކިޔާދީފި، ނުވިތާކަށް މަންމަ ގާތު ބެލް އާއި މެރީކުރަން ބޭނުންވާ ވާހަކަވެސް ބުނެފި، އަހަންނަށްވެސް ލިބުނީ ޝޮކެއް، ބެލްގެ ވާހަކަ ހުރި ގޮތުން ދިނާރާއި އެކު އުޅޭކަށް ބޭނުމެއްނުވޭ، އެކަމަކު އޭނަ އައިސް މިގޭ މީހުން ގާތު އެބުނީ ބެލް އާއި މެރީ ކުރަންށޭ ބޭނުންވަނީ، އެކަމުގެ ހުއްދަ ބެލްގެ ބައްޕަ ގާތުން ހޯދަން ބޭނުންވާ ވާހަކަ، ހަމަ ސީރިއަސްކޮށް މިބުނީ، އަހަންނަށް މިހާރު އޮޅިއްޖެ، ކިހިނެއްތަ މިވަނީ، ތިދެމީހުން އަސްލުވެސް މެރީ ކުރަންތަ ތިއުޅެނީ، ނޫނީ ދިނާރު ބެލް ގެއްލިދާނެތީވެ މަންމަމެން ގާތު މޮޅު ވާހަކައެއް ދެއްކީތަ” ވާނުވާ ނޭނގިފައި އިނދެ ބަތީލު، ބަލްމާ އާއި ސުވާލު ކުރިއެވެ.

“ދިނާރު އަހަރެން ގާތުވެސް ބުނި، މިހާރު ބޭނުންވަނީ އަވަހަށް އަހަންނާ މެރީ ކުރާށޭ، އޭރު އޭނާ އެހެން ބުނުމުން އަހަރެންވެސް ވަރަށް އުފާވި، ބޭނުންވީ ދިނާރާއި މެރީ ކުރަންވެސް، އެކަމަކު ފަހުން ވީގޮތެއް ނޭނގުނު، ޚިޔާލު ބަދަލުވެ ދިނާރުގެ މަތިން އަހަރެން ފޫހިވީ ވަރަށް ބޮޑަށް، ހަމަ އެއްގޮތަކަށްވެސް އޭނާ އާއިއެކު އުޅޭކަށް ބޭނުމެއްނުވޭ، އެހެންވެ އެހެންކީވެސް، ދިނާރު ވަރަށް ސީރިއަސްވީމަ ފެމިލީ ކައިރިއަށް އަންނާނީ، އަނެއްކާ އޭނާއަކީ މިގެއަށް ވަންނަން ނުލާހިކު ބިރުގަންނަ މީހެއް، އެކަމަކު މަންމެންގާތު ތިކަހަލަ ވާހަކައެއް ބުނަން ކެރުނީތީވެސް އަހަރެން މިހިރީ ހައިރާންވެފަ، ކޮބާތަ މަގޭ ފޯނު، ކޮޓަރީގަ ދޯ، ހިނގާބަލަ ފޯނު ބަލާ” ބަލްމާ އެނދުން ފައިބަމުން ބަތީލަށް ބުންޏެވެ.

“ކޮންތާކަށް” ބަލްމާ ތެދުވިވަގުތާ ދާރާ މަޤްރިބު ނަމާދު ކުރަން ކޮޓަރިއަށް ވަން ވަގުތާވީ އެއްވަގުތަކަށެވެ.

“ކޮޓަރިއަށް” ބަލްމާ މަޑުމަޑުން ބުނެލިއެވެ.

“ކޮޓަރިއަށް ދަނީ ކީއްކުރަން” ދާރާ ވަރަށް ރަނގަޅަށް ބަލްމާގެ ކަންތައްތައް އޮޅުން ފިލުވަން ބޭނުންވިއެވެ.

“ފޯނު ބަލާ، ބައްތު އާއިއެކު” ބަލްމާ ބުންޏެވެ. އެއާއިއެކު ދާރާ ބޯޖަހާލީ މައްސަލައެއް ނެތޭ ބުނާފަދަ ގޮތަކަށެވެ.

ރޭގަނޑުގެ ކެއުމުން އަވަދިވި ތަނާހެން ދާރާގެ ތިމާގެ ކުއްޖަކު ގުޅިއެވެ. ރާބިއާއަކީ އާންމުކޮށް ދާރާމެންގެއަށް އައިސް އުޅޭ މީހެކެވެ. އޭނާ ދާރާއަށް ގުޅީ އެގެއަށް އަންނަންވެގެންނެވެ.

“ދައްތާ، މިރޭ މިއުޅެނީ ޝަކިލާ ކައިރިއަށް އައިސް، ހިތަށް އެރީ ދެން ދާނީ ދައްތަމެންގެއަށްވެސް ވަދެލާފައޭ، އެހެންވެ މިގުޅާލީ، އަހަރެން އެބަދަމޭ ބުނަންވެގެން” ރާބިއާ ބުންޏެވެ.

“އަވަހަށް އާދޭ، ދައްތަވެސް އަންބަރުބެގެ ރަށަށް ގޮއްސަ މިއައީ، ތިގުޅާލީ އެންމެ ރަނގަޅުވަގުތު” ދާރާ ވަރަށް ހިނިއައިސްފައި ހުރެ ފޯނުން ވާހަކަދެއްކިއެވެ.

ގިނައިރެއް ނުވެ ޝަކީލާ އާއި ރާބިއާ އާއި އޭނާގެ ހަގުދަރިފުޅާއިއެކު އައިސް ދާރާ މެންގެއަށް ވަދެއްޖެއެވެ. ގޭތެރޭގެ އަޑުފަށްގަނޑު އެމީހުނާއިއެކު ގަދަވެގެން ދިޔައެވެ. ޝަކީލާއަކީ ދާރާގެ ދެބެންގެ ދެދަރި ކޮއްކޮއެކެވެ. މީހަކާ އިންނަންވަންދެން ދާރާ އުޅުނީ ޝަކީލާގެ މަންމަ އާއިއެކު އެގޭގައެވެ. އެހެންވެ ޢާއިލީ ގުޅުން އެމީހުނާއި ވަރަށް ބޮޑެވެ. ރާބިއާ އަކީ ޝަކީލާގެ ބައްޕަ ފަރާތުގެ ފަސްޓް ކަޒިންސެވެ. ދާރާއަކީ ޢާއިލާ ބޮޑު މީހެކެވެ.

“ދައްތާ ކޯއްޗެއްތަ ކާން ހުރީ” އެގެއަށް އައިސްފިނަމަ އެއީ ރާބިއާ އާއި ޝަކީލާގެ އާދައެވެ. އެންމެނަށްވެސް ދާރާ ކައްކާ އެއްޗެހި ވަރަށް ކަމުދެއެވެ. އެހެންވެ އެގެއަށް އައިސްފިނަމަ ނުކައި ދިއުމަކީ އެއިން މީހަކަށް ކުޅަދާނަކަމަކަށް ނުވެއެވެ. ދާރާއަށްވެސް އެކަން އެނގޭތީވެ އަވަހަށް ކާމޭޒުދޮށަށް އެމީހުން ގޮވައިގެން ދިޔައެވެ. ހުރީ ކޯއްޗެއްކަން ބުނަންވާއިރަށް ޝަކީލާ ތެލިތަކުގެ މަތިތައް ހިއްލަން ފަށައިފިއެވެ. ހަށިގަނޑަށް ބަލާލުމުން ރަބިޔާ އާއި ޝަކީލާއަކީ ރަނގަޅަށް ކައިގެން ބޮޑުވެފައި ތިބި ދެމީހުންކަން އެނގޭހާވެއެވެ.

ކާމޭޒުމަތީ ތަށިތައް ހިފައިގެން ހަމަޖެހިލެވުމާއިއެކު ރާބިއާ ބަލްމާ އާއި ބަތީލުގެ ވާހަކަ އެހިއެވެ. އެއާއިއެކު ދާރާގެ މޫނުމަތިން ހިނިތުންވުން ފިލައިގެން ހިނގައްޖެއެވެ. ޝަކިލާ އެކަމާ ސުވާލުކުރިއެވެ. ދާރާ އާއި އެހާ ގާތް ކުދިބައެއްވީމާ އޭނާއަކަށްވެސް ގޭތެރޭގައި ދިމާވެގެން އުޅޭކަންތައް ސިއްރެއް ނުކުރެވުނެވެ. އެދެމީހުނަށް ހުރިހާ ވާހަކައެއް ކިޔާދީފިއެވެ.

“ނާ ހަމަތެދެއްތަ ދައްތާ، ތިވަރަށް ގޯސްވީ” ޝަކީލާ ކަންބޮޑުވުމާއިއެކު ބުންޏެވެ.

“ދައްތާ، ނިޒާރުބެއަކީ ރަނގަޅު މީހެއް، އެކަމަކު އަޑުއަހަން އެމީހާ މުސްކުޅިކަމުން މިހާރު އެކަހަލަ ކަންތައްތައް ކުރެވޭވަރެއް ނުވެޔޭ، އެކަމަކު އޭނާއަށް ރަނގަޅަށް ކޮށްދެވިއްޖެއްޔާ އެކުއްޖަކު ރަނގަޅުވެޔޭ” ރާބިޔާ ވިސްނާލާފައި ބުންޏެވެ.

“އާން، ތީވެސް ތެދެއް، ނިޒާރުބެ މިހާރު ވަރަށް މުސްކުޅި، އެކަމަކު ރާބިއާ އަށްވެސް އެނގޭނެ، ދައްތަމެންނަކީ ދުވަހަކުވެސް އެކަހަލަ މީހެއް ކައިރިއަށް ދިޔަބައެއް ނޫންކަން، ފަންޑިތަ ހަދާ މީހަކު އެނގެނީއެއްވެސް ނޫން، އަވަހަށް މިކަމުން ސަލާމަތްވާންވެސް އެބަޖެހޭ، ހާދަ ބޮޑުވަރެކޭ އެމަންޖެއަށްވީ، އެންމެ އަވަހަށް އަތުޖެހުނީ ނިޒާރުބޭ، އެހެންވެ އޭނާ ގާތަށް ދެވުނީ، އޭނާވެސް ވަރަށް މޮޅު، ބުނި ދެން އެކަމުގެ އުނދަގުލެއް ނުޖެހޭނެއޭ” ދާރާ ބުންޏެވެ.

“އެހެންތަ، އަޅެ ދައްތަ ހަނދާނެއްނެއްތަ އަހަރުމެންގެ ސުލައިމާނު މަތިން، އޭނާވެސް ކުދިން ރަނގަޅު ކުރެޔޭ” ރާބިއާ ބުންޏެވެ.

“ހަމަ އެއްގޮތަކަށްވެސް ހިތަށްވެސް ނައި ސުލައިމާނުގެ ނަން، ރާބިއާ ބުނީމަ ދައްތަ ހަނދާންވެސް މިވީ، ކޮބާތަ އޭނަ” ދާރާގެ މޫނު މަތިންވެސް އޭނާ ސުލައިމާނު މަތިން ހަނދާންވީ ހަމަ ދެންމެ ކަމުގެ އިޝާރާތްތައް ފާޅުވޭވޭ ހުއްޓެވެ.

“އެބަ އުޅޭ، އަހަރެން އަތުގަ ނަންބަރު އޮންނާނެ، ދައްތައަށް ދޭނަން، ނިކަން އޭނާއަށް ގުޅާލަބަލަ، ދައްތާ، ނިޒާރުބެ ބުނިހެން ތިކަން ރަނގަޅުވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅުތާ ދޯ، ދެން ކީކޭތަ ބުނީ، ކީއްވެގެން ދިމާވި ކަމެކޯ އެއީ” ރާބިއާ ޝައުގުވެރިވިއެވެ.

“ހަމަ އެއްގޮތަކަށްވެސް ނޭނގެ، ނިޒާރުބޭ ކިޔައެއްނުދޭ، އޭނަ ބެލީ އަވަލާފައި ހުރި ޖިންނި ދުރުކުރެވޭތޯ، އޭތި އިސްލާމްކުރުވާފަ ދެން ދުވަހަކުވެސް އިންސާނަކަށް ގޯނާ ނުކުރާނަން ކަމަށް ވަޢުދު ކުރުވާފަ ފޮނުވާލީ، އަހަރެންވެސް އެހާވަރުން އަޅާނުލީ އެސުވާލުތަކެއް ނުކުރިޔަސް ދަރި ސަލާމަތް ކުރެވިއްޖެވިއްޔާ، އެހެންވެ އެކަން ބޭކާރު ކަމަކަށްވީ” ދާރާ ކިޔާދިނެވެ.

“ދައްތާ، ޖުނައިދުމެންގޭ ތެރޭގައިވެސް ތިކަހަލަ ކަމެއް ހިނގި، މިހާރުވެސް ބުނޭ ގޭތެރޭގައި އުޅޭ މީހުންގެ ސިފައިގައި ފެނި ހަދައޭ، ޖުނައިދަށް އެހެރީ މީހަކު ކުރިކަމެއް ޖެހިފަ، މަރުގެ އެތިފަހަރަކުން ސަލާމަތްވީ ހަމަ ކިރިޔާ” ޝަކީލާ އޭނާގެ ފިރިމާގެ ވާހަކަ ކިޔާދިނެވެ.

އިތުރު މީހަކާއި ހިތުގެ އުދާސްތައް ޚިއްޞާކޮށްލެވުމުން ދާރާގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. ރާބިއާ އާއި ޝަކީލާ ދަމުން ދިޔައީ ސުލައިމާނުގެ ނަންބަރުވެސް ދާރާގެ ފޯނަށް އަޅައިދީފައެވެ. ސުލައިމާނަކީވެސް ދާރާ އާއި ވަރަށް ކައިރިން ތިމާގެ ކުއްޖެކެވެ. ނަންބަރު ލިބުނަސް އަދި އެހަށް ނުގުޅާ މަޑުކޮށްލަން ދާރާ ބޭނުންވީ ނިޒާރުބޭގެ ބަހަށް އިތުބާރުކޮށްފައެވެ. އުމުރުން ދުވަސްވުމާއި، ގިނަ ތަޖުރިބާ ލިބިފައިވުމާއިއެކު ނިޒާރުބެއަކީ މޮޅު މީހެއްކަން ގިނަ ބައެއްގެ ދުލުންވެސް ބުނަމުންދާ އަޑު އިވޭތީ އާއިއެކުވެސް މެއެވެ.

ފޯންކޯލެއްގެ އިންތިޒާރުގައި އޮވެ އޮވެ އެތަށްއިރެއްވީއިރުވެސް އެފޯނު ކޯލު އަންނަ ގޮތެއް ނުވިއެވެ. އެންމެ ފަހުން ނުހުރެވިގެން އެނަންބަރަށް ގުޅާލައިފިއެވެ. ފުރަތަމަ ގުޅިއިރު ހުރީ ކޯލްވެއިޓިން އަރާފައެވެ. އެހެންނަމަވެސް އޭނާގެ ފޯނު ކޯލަށް ޖަވާބުދޭތޯ މަޑުކޮށްލައިގެން އޮތެވެ. ކާމިޔާބެއް ނުވިއެވެ. ރިންގުވެފައި ކޯލު ކެނޑުނީއެވެ. އަލުން ނުގުޅަން ނިންމައިގެން އޮވެވުނީ ދިހަވަރަކަށް މިނެޓު ވަންދެންނެވެ. އަނެއްކާވެސް މިންހާޖު އެނަންބަރަށް ގުޅައިފިއެވެ.

“ހެލޯ، ކިހިނެއްވީ މިފޯނަށް ތިގުޅަނީ” ފޯނަށް ޖަވާބުދިން ބަލްމާ ބުންޏެވެ.

“ބެލް އަހަންނަށް ކިތަންމެ ވަރަކަށް ގުޅިޔަސް އޯކޭދޯ، އަހަރެން ބެލް މަތިން ހަނދާންވެގެން ބެލްގެ ފޯނަށް ގުޅައިލުމުން އެކަން މައްސަލައަކަށްވީ ކީއްވެތަ” މިންހާޖު ވަރަށް އަސަރާއިއެކު ބުންޏެވެ.

“މައްސަލައެއް ނޫނޭ، އެކަމަކު މިންހާޖު އެވަރަށް އަހަރެން މަތިން ހަނދާންވާންވީ ކީއްވެ، ބަލަ ޔޫ ގެ ގާލްފްރެންޑު މިއޮށްއުޅެނީނު އައިސް، އޭނާ މިހާރުވެސް ޝަކުވާ ކުރަނީ މިންހާޖު ބިޒީ ކަމުން އޭނާއަށް ވަގުތު ނުދޭތީ” ބަލްމާ މިހެން ބުނުމުން މިންހާޖު ދިޔައީ ފާޑަކަށް ސިހިގެންނެވެ. ވަގުތުން އޭނާއަށް ކަމެއް ގޯސްވެއްޖެހެން ހީވިއެވެ. ބަލްމާގެ ވާހަކަދެއްކުމުގައި ކުރިން ހުރި ގާތް ކަމެއް މިހާރަކު ނެތްކަން ފާހަގަ ކުރެވުނެވެ. މީގެ ކުރިން ބަލްމާ އެއްފަހަރުވެސް ބަތީލާއި އޭނާ އާއި ގުޅުވާފައި އެފަދަ އެއްޗެއް ބުނެފައެއް ނުވެއެވެ. ކުއްލިއަކަށް މިންހާޖުގެ ހިތް ތެޅުން އަވަސްވެގެން ހިނގައްޖެއެވެ. އޭރު ހިތަށް އަރަމުންދިޔައެވެ. އެކޯލު އިވޭ ހިސާބުގައި ބަތީލު ހުރީ ނޫންބާވައެވެ. މިންހާޖު ބަލްމާއަށް ގުޅިކަން ބަތީލަށް އެނގިއްޖެނަމަ އޭނާ ވަރަށް ގިނަ ސުވާލު ކުރާނެކަން މިންހާޖަށް އެނގެއެވެ.

“އަސްލު ބެލް ބަލިވެ އުޅޭތީ ޚާލު ބަލާލަން މިގުޅީ، ދެން ބާއްވަނީ އެނގޭ” ކަންބޮޑުވެފައި ހުރި މިންހާޖު އަވަހަށް ކޯލު ކުރުކޮށްލިއެވެ. އަދި އެގޭ ޖޯލިފަތީގައި ވިސްނަން ވަރަށް ގިނައިރުވަންދެން އޮތެވެ. ދެން ހަނދާނީ ކިހިނެއްބާއޭ ހިތަށް އަރާފައެވެ.

ނިދަން ތައްޔާރުވިއިރު ދާރާއަކަށް މިރޭ ބަލްމާ އާއި ބަތީލު އޭނާ އާއި ވަކިން ކޮޓަރީގައި ނިދަން ތިބޭކަށް ހިތެއް ނުރުހުނެވެ. އެހެންވެ ދެކުދިންނަށް ނިދޭނޭ ގޮތް އޭނާގެ ކޮޓަރީގައި ހަމަޖެއްސިއެވެ. އަންބަރާއި ދާރާ ބޮޑު އެނދު ކައިރީ އާދައިގެ ގޮދަޑިއެއް އަޅައިގެން އޮށޯތްއިރު އެދެމަފިރިން ނިދާ އެނދުގައި ތިބީ ހަގުދެބެންނެވެ. ކޮޓަރީގެ އަލި މަޑުކޮށްލަން އުޅެން ފެށުމުން ބަލްމާ އެކަމާ ދެކޮޅުހެދިއެވެ. އޭނާ އަދިވެސް ބިރުގަންނަނީ ކަމުގައި ދާރާއަށް ވިސްނުނެވެ. އެހެންވެ ބޮކިދިއްލާފައި ހުރިގޮތަށް ބަހައްޓާފައި އޭނާ ނިދަން އޮށޯވެއްޖެއެވެ. އޭގެ ކުރިން ކޮޓަރީގައި ޤުރުއާން ޖަހަފައި ހުއްޓެވެ.

މުޅި ރޭ ހޭދަވެގެން ދިޔައީ އަމާންކަންމަތީއެވެ. އެތަކެއް ރޭތަކަކަށްފަހު ބަލްމާއަށްވެސް ރޭގަނޑުގެ ނިދި އެއްވެސް އުނދަގޫތަކަކާއި ނުލާ ލިބިގެން ދިޔައެވެ. ފަތިހު ފަތިސް ނަމާދަށް ތެދުވިގޮތަށް ދާރާ، ބަތީލަށް ގޮވާނެގިއެވެ. އަދި ގަދަކަމުން ނަމާދަށް އަރުވަން އުޅުނެވެ. އެހެންނަމަވެސް ހަމަ ހިލާ އިންތަނުން ބަތީލު ގުޑިއެއް ނުލިއެވެ. އެނދުގައި އިނދެ އިނދެފައި އަނެއްކާވެސް އަރާ އޮށޯތީއެވެ. ދާރާއަށްވެސް ބަތީލު އުފުލާލައިގެން ގެންގޮސް ފާޚާނާއަށް ނުވެއްދޭނެތީވެ އަޅާނުލީއެވެ. ނަމަވެސް އެކަމާ ވަރަށް ދެރަވިއެވެ.

އާދައިގެ މަތިން ދުވަސް ނިމިގެން ދިޔައީވެސް ގޭތެރޭގައި އެންމެން ހާސްވާންޖެހޭވަރު އެއްވެސް ހާދިސާއެއް ނުހިނގައެވެ. ބަލްމާ ވަޒީފާ އަދާ ކުރާ ތަނަށް ނުދާތާ ގިނަ ދުވަސް ވުމުން އެތަނުންވެސް އޭނާއަށް ގުޅިއެވެ. ބަލިވީއޭ އެމީހުން ގާތު ބުމުން، އެންގީ ގޭގައި ހުރި ހުރިހާ ދުވަހަކަށް މެޑިކަލް ސެޓްފިކެޓް ހުށަހެޅުމަށެވެ. އެކަން ބަލްމާއަށް ކުރެވޭކަށް ނެތެވެ. އޭނާ ބަލިވެގެން އެއްފަހަރުވެސް ޑޮކްޓަރަކަށް ދައްކާފައެއް ނުވެއެވެ. އެހެންވެ މެޑިކަލް ސެޓްފިކެޓް ހޯދަނެ ގޮތެއް އޭނާއަކަށް ނޭނގެއެވެ. އެންމެން ފަހު ނިންމުމަކަށް އޭނާ ވިސްނީ ވަޒީފާ އަދާކުރާ ތަނުން ކެނޑޭށެވެ. ދާރާ އާއި އެކަމާ މަޝްވަރާ ކުރީ ވަރަށް މޮޅަށެވެ.

“މަންމާ، ރޭގަނޑުވެސް އެތަނުގައި ޑިއުޓީއަށް އިންނަން އެބަޖެހޭ، އަހަރެން އެކަނި އިންނަން ޖެހެނީ، އިތުރު ކުއްޖަކު ނުހުރޭ، އަހަރެން އިންނަނީ ވަރަށް ބިރުން، އެމީހުން ކައިރީ ބުނެފިން ރޭގަނޑުގެ ޑިއުޓީތަކަށް ދެކުދިން ބައިތިއްބަންވީނޫންހޭވެސް، އެކަމަކު އެއްބަހެއް ނުވި، އަހަރެން ވަރަށް ބިރުގަނޭ އެކަނި އިންނަން، ނުކެރޭ ފާޚާނާއަށް ދާންވެސް، ހެނދުނު އިރު އެރީމަ ފާޚާނާއަށްވެސް ވަންނަނީ، އެހެންވެ އެތަނުން ކެނޑެން މިއުޅެނީ، މިހާރު އަދި އަމުދުން އަހަންނަކަށް ނުކެރޭނެ އެތަނުގައި ރޭގަނޑު ޑިއުޓީ ނަގާކަށް” ބަލްމާއަށް އެފީސްތެރެއިން އެއްވެސް ބިރުވެރި ކަމަކާއި ދިމައެއް ނުވެއެވެ. އެހެންނަމަވެސް އޭނާ މިހާރު ބޭނުންވަނީ އެވަޒީފާއިން ވަކިވާންކަން ދާރާއަށް ވިސްނާދޭން އެންމެ ރަނގަޅު ގޮތެއް ކަމުގައި ފެނުނީ އެފަދަ ވާހަކަތަކެއް ހަދާލުމެވެ. ދާރާވެސް ބަލްމާގެ މިވާހަކަތަށް އަޑުއަހާފައި ވަރަށް އަވަހަށް އެއްބަސްވެއްޖެއެވެ. އޭނާ މިހާރު ހުރީ ބަލްމާ އާއިމެދު ވަކިން ބޮޑަށް ކަންބޮޑުވެފައި ކަމަށްވާތީ، އެދަރިފުޅު ބިރުގަންނަ ފަދަ އެއްވެސް ކަމެއް ކުރުވާކަށް އޭނާ ބޭނުންނުވީއެވެ.

ނިޒާރުބެ ބަލްމާ ރަނގަޅު ކުރިފަހުން ދެދުވަސް ފާއިތުވެގެން ދިޔައީ ވަރަށް ރަނގަޅަށެވެ. އަމާންކަންމަތީއެވެ. އެހެންނަމަވެސް އަނެއްކާވެސް ކަންތައްތައް ގޯހުން ގޯހަށް ދިޔައީ ތިންވަނަ ރޭގައެވެ. ހަމަ ކުއްލިއަކަށް ދަންވަރު ބަލްމާ ހަޅޭލަވައިގަން ގޮތަށް އެނދުމަތިން ގުޅައަކަށް ވެއްޓި ޖެހިއްޖެއެވެ. ބަތީލަށް އެނދުން ފުންމާލެވުނު ގޮތެއްވެސް ނޭނގެއެވެ. ދާރާ އާއި އަންބަރު ތެދުވީ ކޮންއިރަކު ކަމެއް ނޭނގެއެވެ. ދެން ފެނުނީ ދެމަފިރިންވެގެން ދަރިފުޅު ހިފަހައްޓަން އުޅޭތަނެވެ. އަންބަރާއި ދާރާ ނިދަން އަޅާފައި އޮތް ގޮދަޑި މަތީ ކަނަކަށްވަދެ ބަތީލު އިންއިރު، އޭނާ ބިރުންގޮސް ތުރުތުރު އަޅައެވެ.

މުނީބަށް ހޭލެވުނީ އަޑުގަދަވެގެންނެވެ. އަވަހަށް އައިސް މަންމަމެންގެ ކޮޓަރިއަށް އޭނާވަނެވެ. ރަށުގައި ހުނަން ހަމަޖެހިފައި އޮތް މުއްދަތު ހަމަވެގެން އޭނާގެ ޢާއިލާ ފުރަން ހަމަޖެހިފައި އޮތީ މެންދުރުއެވެ. އެކަމަކު ފެނުނު މަންޒަރުން އޭނާއަށް ފުރިދާނެކަމާއިމެދު ޚިޔާލު ތަފާތުވިއެވެ. މުނީބު އައިސް އެންމެ ފުރަތަމަވެސް ބަތީލު ގޮވައިގެން ގެންގޮސް އޭނާގެ ކޮޓަރިއަށް ލިއެވެ. ޒީނިޔާ ގާތު ބަތީލު ބެލުމަށް ބުނެފައި އެނބުރި އައިސް މަންމަ ކޮޓަރިއަށް ވަދެ ބަލްމާ ހިފެހެއްޓޭތޯ މަސައްކަތް ފެށިއެވެ. މިހެން މިވީ ކިއްވެތޯ މުނީބު، އޭނާގެ މަންމަ އާއި ސުވާލުކުރިއެވެ. ދާރާއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ދެރޭ ވަންދެން އެއްވެސް އުނދަގުލެއް ނުވެހުރެފައި ކުއްލިއަކަށް އަނެއްކާ ސަކަރާތްވާންވީ ކީއްވެބާއޭ ދާރާގެ ހިތަށްވެސް އަރަމުންދިޔައެވެ.

އެންމެ ފުރަތަމަ ދާރާއަށް ބަލްމާ އެހެންވެފައި އޮއްވާ ފެނުނު ރެއަށްވުރެ މިރޭގެ ކަންތައް ބޮޑެވެ. ހަޅޭލެވުމާއިއެކު ތެޅި ފޮޅެމުން ދާ ބަލްމާ ތިން މީހުނަށް ހިފަހައްޓާލެވެނީ ކިރިޔާއެވެ. ދޭތެރެއަކުން ބަލްމާގެ އަޑުން ރޮއެގަންނަ އަޑުވެސް އިވެއެވެ. އެހެންނޫނީ ދެން ބަލްމާ ލައްވަނީ ކޮންފަދަ އަޑެއް ކަމެއްވެސް ދެނެގަންނާކަށް ނޭނގެއެވެ. ފަތިސް ވަންދެން ދާރާގެ ޢާއިލާ އުޅުނީ މިފަދަ ހާލެއްގައެވެ. ފަތިސް ވުމާއިއެކު މުޅި ގޭތެރެ އަމާންވެދެއެވެ. ބަލްމާގެ ހަށިގަނޑަށް އަރާ ބާރުތައް ކެނޑި މުޅި މީހާ ހިމޭންވެއްޖެއެވެ. އެހެންނަމަވެސް ބަލްމާގެ ގައިގާ އެހާ ބާރަށް ހިފަހައްޓަން ޖެހުމުން އެކަމުގެ ނިޝާންތައް ހަށިގަނޑުން ފެންނަން ހުއްޓެވެ. ވަރުދެރަވެފައި ބަލްމާ އޮތް އިރު ދެލޯ ހުޅުވާލާނެހާ ބާރުވެސް ހަށިގަނޑުގައި އޭރަކު ނެތެވެ. ދާރާ ކުރިން ދުވަހެކޭވެސް އެއްގޮތަށް އަވަސްވެގަތީ ފެންފޮދެއް ބަލްމާގެ ތުނބުގައި ޖެއްސޭތޯއެވެ.

“މިގޮތަކަށް މިކަމެއް ނުވާނެ” އަންބަރަށް ބުނެވުނެވެ.

“މަންމާ، ބުނީމެންނު ދެން މިހިނެއް ނުވާނެއޭ، ކީއްވެތަ އަނެއްކާ ބަލްމާ ސަކަރާތްއެވީ، އެރެއަށްވުރެ އަދި ބޮޑުވަރު އެކޮށްލީ، ޖިންނި ގާތުން ސަލާމަތްވެފައި ހުރިނަމަ މިހިނެއް ނުވާނެ” މުނީބު ހާސްކަމާއިއެކު ބުންޏެވެ.

“ނިޒާރުބެ މިހާރު ފަތިސް ނަމާދުން އައިސް އުޅޭނެ، އަންބަރު، ގުޅާލަބަލަ ނިޒާރުބެއަށް، މިކަން އެއްކޮށް ރަނގަޅު ނުވާތީތާ އަނެއްކާ މިކަމެއް މިޖެހުނީ” ދާރާ ބުންޏެވެ. އެއާއިއެކު އަންބަރު، ނިޒާރުބެއަށް ގުޅޭތޯ މަސައްކަތް ފެށިއެވެ. ނަމަވެސް ކާމިޔާބުވާގޮތެއް ނުވިއެވެ.

“ނިޒާރުބެގެ ފޯނު އޮތީ ނިތްވާލާފަ، ތިން ފަހަރަށް ގުޅީމަވެސް ހަމައެހެން ބުނަނީ” އަންބަރު އަތުގައި އޮތް ފޯނު ދާރާއަށް ދައްކާލަމުން ބުންޏެވެ.

“އެގެއަށް ދޭބަލަ، ގޮސް ނިޒާރުބެއާއި ވާހަކަދައްކަބަލަ، ދެން ހަދަންވީ ކިހިނެއްތޯ އަހާބަލަ” ދާރާ ކަންބޮޑުވެފައި އަވަސް އަވަހަށް ބުންޏެވެ. އަދި އެނބުރި އޭނާގެ ކޮޓަރިތެރެއަށް ނަޒަރު ހިންގާލީ އޭނާގެ އެނދުގައި އޮތް ބަލްމާއަށް ބަލާލުމަށެވެ. އޭރުވެސް ދެލޯ މަރާލައިގެން ހަރަކާތެއް ނުކޮށް ބަލްމާ އޮތެވެ. ނިދާފައި އޮތް މީހަކު ހެންނެވެ. އަންބަރުވެސް އަވަސްވެގަތީ ދާރާ ބުނިގޮތަށް ކަންތައް ކުރާށެވެ.

“ބައްޕާ، އަހަރެން ދާނަން ބައްޕަ އާއިއެކު އެގެއަށް” މުނީބު ބުންޏެވެ.

“ނޫނޭ، ދަރިފުޅުމެން ފުރަން ހުރިހާ ކަމެއް ހަމަޖެހިފަ އެއޮތީ، ދެން މަޑުކޮށްގެން މިކަމުގެ ތެރޭގައި އުޅޭނެ ކަމެއްނެތް، ޒީނިޔާވެސް އެހުންނަނީ ވަރަށް ބިރުން، އޭނާއަށް މިކަން ބޮޑު ބައްޔަކަށް ނުވަނިސް އަވަހަށް ދަރިފުޅު އެދެމައިން ގޮވައިގެން މާލެ ދޭ، މިކޮޅުގަ މަންމަ އާއި ބައްޕަ މިހިރީނު” މުނީބު ބުނިއެއްޗަށް ވަގުތުން ދާރާ ބުންޏެވެ.

“މިވރުވަންޏާ ކިހިނެއް މަންމަ އާއި ބައްޕަ އެކަނި ބަލްމާ ހިފަހައްޓާނީ، ރޭގަވެސް ހިފަހައްޓާލެވުނީ ކިރިޔާ، އިތުރު މީހެއްގެ އެހީވެސް މަންމަމެނަށް ބޭނުންވާނެ، އަހަރެން ޒީނިޔާ އާއި އަޒްކޮ ފުރުވާލާފައި މިކޮޅުގައި މަޑުކޮށްފާނަން، އޭރުން އެމީހުނަށް މިކަން ފެނި ބިރުން އުޅޭކަށް ނުޖެހޭނެއެންނު، ޒީނިޔާވެސް ޤަބޫލުވާނެ މިގޮތަށް” މުނީބު ބުންޏެވެ.

“ދާރާ، އަހަރެންވެސް ބޭނުމެއްނޫން މުނީބު މިކޮޅުގައި މިފަދަ ކަމެއް ދިމާވެގެން އުޅޭއިރު ބަހައްޓާކަށް، ދެން ތިކަމާ ފަހުން ވާހަކަ ދައްކާނީ، އެހަށް އަހަރެން މިދަނީ ނިޒާރުބެ ހޯދަން އެސޮރު ގޮވައިގެން” އަންބަރު މިހެން ބުނުމާއިއެކު އޭނާގެ ފަހަތިން މުނީބުވެސް ހިނގައިގަނެއްޖެއެވެ. ދާރާ އެއްޗެއް ނުބުނެ ބަލަހައްޓައިގެން ހުއްޓެވެ.

އަންބަރަށް ނިޒާރުބެ މެންގެއަށް ވަންއިރު ފެނުނީ ފޮށިތަކެއް ތިރިއަށް ގެންނަ ތަނެވެ. އެގޭ ކުއްޖެއް ގާތު ނިޒާރުބެ ކޮބާތޯ ސުވާލު ކޮށްލުމުން، މަޑުކޮށްލާށޭ ބުނެ އެތެރެއަށް ހިނގައިގަތެވެ. ގިނައިރެއްނުވެ އެކުއްޖާ އައިސް އަންބަރުމެން ގާތު އެތެރެއަށް އައުމަށްބުނެ އެމީހުންނަށް ނިޒާރުބެގެ ކޮޓަރި ދައްކާލަމުން އެކޮޓަރީގައި ނިޒާރުބެ އެބައިން ކަމުގައި ބުންޏެވެ.

“ނިޒާރުބޭ، އަންބަރު މީ، ދާރާގެ ފިރިމީހާ، އަނެއްކާ އެއްކަލަ މަންޖެ ސަކަރާތްވެއްޖެ، ދެރޭ ވަންދެން ނުވެ ހުރެފައި ރޭގައި އެވީ” އަންބަރު ބުންޏެވެ.

“ދާރާ… އާން، ހަނދާންވެއްޖެ، އެކަމަކު ތިހެންވާންވީ ކީއްވެބާ، ބޭބެ އެދުވަހު އެމަންޖެ އާއި އަވަލައިގެން އުޅޭ ޖިންނި ދުރުކުރީމޭ، ތިވާނީ އަނެއްކާވެސް އެހެން ދިމާލަކުން އައި އެއްޗަކަށް، ކޮބާ އެމަންޖެ” ނިޒާރުބެ ވިސްނާލާފައި ބުންޏެވެ.

“ގޭގަ، ފަތިސްވީފަހުން އެކަމުން ސަލާމަތްވެވުނީ، ކުރިއަށްވުރެ ބޮޑުވަރު މިފަހަރު ވެފަ ހުރީ” އަންބަރު ކުޑަކުޑަ ބުނެދިނެވެ.

“ބޭބެއަށް ހުރެވޭކަށްނެތް، ރޭގަ ބޭބެގެ އަންހެނުންގެ ހާލު ވަރަށް ގޯސްވެގެން އެހެންވެ ވަގުތުން ފުރަން މިއުޅެނީ، އެކަމަކު އަދި ވަގުތުކޮޅެއް އެބައޮތް، ވަރަށް އަވަހަށް މިކަން ކުރަންޖެހޭނީ، ދޭ އަވަހަށް އެމަންޖެ ގޮވައިގެން އަންނަން، ބޭބެ ކުޑައެއްޗެއް ތައްޔާރުކޮށްލަ ދޭނަން” ނިޒާރުބެ ބުންޏެވެ.

އަންބަރާއި ދާރާ އާއި މުނީބު، ބަލްމާ ގޮވައިގެން ނިޒާރުބެމެންގެއަށް އައެވެ. ކުރިއެކޭ އެއްގޮތަށް ނިޒާރުބެ ކިޔަވާ އެކުރާކަމެއް ކޮށް ނިންމާލިއެވެ. މިފަހަރުވެސް މާގިނަ ސުވާލު ކުރުމެއްނެތި ހާޒިރުވި ޖިންނި އިސްލާމު ކުރުމަށްފަހު ފޮނުވާލީއެވެ. އޭގެ އިތުރުން ނިޒާރުބެ އެއްޗެއް ލިޔެފައި އޮތް ކަރުދާސްކޮޅެއް ދިނެވެ. އަދި އޭތި ގެއަށް ވަންނަ ދޮރުމަތީގައި ހަރުކުރުމަށް ބުންޏެވެ. އޭގެ އިތުރުން ބަލްމާގެ އުނުގައި އަޅާނޭ ތަވީދެއް ތައްޔާރުކުރުމަށްފަހު އަންބަރުގެ އަތަށް ދިނެވެ.

“މީތި އެމަންޖެ އުނުގައި އަޅާފައި ބައްވާ، އެއްގޮތަކަށްވެސް ހަށިގަނޑާ ވަކި ނުކުރާތި، އިރާދަކުރެއްވިއްޔާ ދެން މިކަހަލަ ކަމަކާ ދިމައެއް ނުވާނެ” ނިޒާރުބެ ބުންޏެވެ.

ގެއަށް އައިސް ނިޒާރުބެ ބުނިގޮތަށް ކަންތައް ކުރިއެވެ. އެހެންނަމަވެސް ދާރާގެ ހިތުގައި ޖަވާބު ބޭނުންވެފައިވާ އެތަށް އެތަށް ސުވާލެއް ވަނީ އުފެދިފައެވެ. ބަލްމާއަށް ޖިންނީންގެ ފަރާތުން ގޯނާ ފޯރަންވީ ކީއްވެކަމެވެ. އެއްފަހަރު ޖިންނި ގެނެސް ރަނގަޅު ކުރުމުން އަނެއްކާވެސް ޖިންނީގެ ފަރާތުން އެފަދަ އުދަނގޫތަކާއި ކުރިމަތިވާންވީ ކީއްވެކަމެވެ. އޭގެ އިތުރުން ދާރާ މިހާރު އެގެން ބޭނުންވަނީ ބަލްމާއަށް މިކަމެއް ދިމާވާންޖެހުނީ ކޮން ސަބަބަކާއި ހުރެތޯއެވެ. ނިޒާރުބެ އެއްފަހަރުވެސް އެފަދަ ސުވާލަކަށް ޖަވާބު ލިބޭނޭފަދަ އެއްވެސް އެއްޗެއް ބުނެފައެއްނުވެއެވެ. ނަމަވެސް ދާރާ ބޭނުންވާ ޖަވާބުތައް ހޯދާނީ ކިހިނެއްކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ.

“ދަރިފުޅުމެން ފުރާގަޑި ކައިރިވެއްޖެ އެންނު، މިހާރު ހުރިހާ އެއްޗެއް ތައްޔާރުވެއްޖެތަ” ދާރާ އޭނާގެ އަމިއްލަ ޚިޔާލުތަކާއި ދުރައްޖެހިލާފައި މުނީބުގެ ކޮޓަރިއަށް ވަނެވެ. އޭރު ޒީނިޔާ ދަރިފުޅަށް ބޭނުންވާނޭ ހުރިހާ ސާމާނެއް ވަކިދަބަހަކަށް އަޅަނީއެވެ.

“މަންމާ، އަޅުގަނޑުގެ މައްސަލައެއްނެތޭ މުނީބު މިކޮޅުގަ މަޑުކުރިޔަސް، އަޅުގަނޑުމެން ދެމައިން މާލެ ހިނގައިދާނަން” ޒީނިޔާއަށް ދާރާގެ އަޑުއިވުމާއިއެކު ފަހަތަށް އެނބުރި ދާރާ އާއި ކުރިމަތިލަމުން ބުންޏެވެ.

“ނޫނޭ، މުނީބު މަޑުނުކުރިޔަސް މަންމަމެނަށް ދައްޗެއްނުވާނެ، ކުރިންވެސް މަންމަ ބުނީމޭ މުނީބު ގާތު ތިދެމައިން ގޮވައިގެން މާލެ ދާށޭ، މިސަކަރާތުގެ ތެރޭގައި ތިދެމައިންނަށް ކަމެއް ވާކަށް މަންމަ ބޭނުމެއްނޫން، އަޒްކާއަށް މިއޮތީ ނިދިފަ ދޯ” ދާރާ ކުޑައެނދާއި ކައިރިވެލަމުން މާމަ ދަރިފުޅަށް ބަލާލިއެވެ.

މެންދުރު އެކެއްޖެހިއިރު އޮތް ލޯންޗަށް މުނީބުގެ ދެމަފިރިން އެމީހުންގެ ދަރިފުޅު ގޮވައިގެން އެރިއެވެ. އެތަނަށް އަންބަރާއި ދާރާއެއް ނުދެއެވެ. ހަގު ދެބެން ގޭގައި އެކަނި ތިބޭނޭތީވެ ބޭރަށް ނުކުންނަން ނުކެރުނީއެވެ. އެހެންނަމަވެސް އެދެމަފިރިން ދިއުމުން ގޭތެރޭގައި ކޮންމެވެސް ވަރެއްގެ ފަޅުކަމެއް އެކުލެވިގެންދިޔައެވެ.

ހަވީރުގެ ވަގުތެވެ. ފެޝަންފުރުޓު ވެޔޮގައި ދޮންވެ ވަޅޯވާން ކައިރިވެފައިހުރި ފަތްތައް ބިންނަމުން ދިޔަ ދާރާ ބޭރު ގޭޓާ ދިމާލަށް ބަލާލީ މީހަކު ސަލާމް ގޮވާލި އަޑުއިވިފައެވެ.

“ބަލްމާ އާއި ބައްދަލު ކޮށްލަން” ގޭޓުން ވަކިވަރަކަށް އެތެރެއަށް ވަދެހުރެ ދިނާރު ބުންޏެވެ.

“އާދޭ އެތެރެއަށް، ބަލްމާގެ ހާލު އެހާ ރަނގަޅެއްނޫން، އޭނާ…” ދިނާރަށް ފުންވިސްނުމަކާއިއެކު ބަލާލުމަށްފަހު ދާރާ ރޭގައި ހިނގާދިޔަ ކަންތައް ދިނާރަށް ކިޔާދިނެވެ. އަދި އޭނާ ގޭތެރެއަށް ވެއްދުމަށްފަހު ކޮޓަރީގައި އިން ބަލްމާއަށް ގޮވިއެވެ.

ގޭގައި އުޅުނު އަންބަރަށް ދާރާގެ ހަރަކާތް ހުރި ގޮތެއް އެއްގޮތަކަށްވެސް ވިސްނައިގަންނާކަށް ނޭނގުނެވެ. ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް މޫނުމަތިން ފެންނަމުންދިޔައިރު އަންބަރު ކޮޅަށް ތެދުވިގޮތަށް ހުރެވުނީ ދިނާރަށާއި އޭނާގެ އަންހެނުންނަށް ބަލަހައްޓައިގެންނެވެ. އެތެރެއިން އައި ބަލްމާއަށް ދިނާރު ފެނުމާއިއެކު އުފާވެސް ވިއެވެ. ހަމައެވަގުތު ހާސްވެ ކަންބޮޑުވެސް ވިއެވެ. މަންމަ އާއި ބައްޕަގެ ހާޒިރުގައި ދިނާރާއި ބައްދަލު ކުރަންވީމައެވެ. އެހެންނަމަވެސް އަންބަރު އެތަނުގައި މަޑެއް ނުކުރެއެވެ. އަވަސް ހިނގުމުގައި އަންބަރު އައިސް ކޮޓަރިއަށް ވަންނަމުން ދާރާއަށްވެސް އައުމަށް ގޮވާލިއެވެ. ބަލްމާ، ދިނާރުގެ ގާތުގައި ސޯފާގައި އިށީނީ ދާރާ އެތެރެއަށް ހިނގައިގަތުމުންނެވެ.

“ކޮންކަމެއް ކުރުވަންތަ ތިއުޅެނީ”  އަންބަރު ހިތްހަމަ ނުޖެހިފައި ދާރާގެ ގާތުން އެހިއެވެ.

“އަންހެން ދަރިފުޅު ހުރީ އަހަރުމެންގެ، ބަލްމާ އެހުރީ ބޮޑުވެފައި، އެސޮރަކީ އެހާ ގޯސް ކުއްޖެއް ވައްތަރެއް ނުޖަހާ، އަނެއްކާ އޭނާގެ މައިންބަފައިން އަހަރެން ދަންނަން، ބަލްމާ އާއި ގުޅޭ ކަހަލަގެ ވިސްނުމެއް ގެންގުޅޭއިރު އަހަރުމެން އެކަމާ ހުރަސް އެޅުމަކީ އަހަރެން ދެކޭ ގޮތުގައި އެހާ ރަނގަޅު ކަމެއްނޫން، އަނެއްކާ އެދެކުދިން ގުޅެން ބޭނުންވެފައި ތިއްބާ އެކަމާ އަހަރުމެން ހިތްހަމަ ނުޖެހުނީމަ ބަލްމާ ނުކުންނާނީ މިގެއިން ބޭރަށް، ބޭރުތެރޭގައި ދެޒުވާނުން ބައްދަލު ކުރުމުން މާއެދެވޭ ނަތީޖާއެއް ނުނިކުންނާނެ، އަދި މިހާރު ކުރިއަށްވުރެ ބޮޑަށް އަހަރުމެން ސަމާލުވާންޖެހޭނެ، އެއުމުރުގައި އެކުދިން ފިރިހެން ކުދިންނާ ގާތް ގުޅުން ބާއްވާނެ، މިގޭގައި ބައްދަލު ކުރާ ގޮތަށް ނިންމުމުން އަހަރުމެންގެ ލޮލަށް އެދެމީހުން ފެންނާނެތާ، އެހެންވެ އަހަރެން ނިންމި ނިންމުމެއް އެއީ، ބަލްމާވެސް ބަތީލުވެސް ބޭރަށް ނެރޭކަށް އަހަރެން މިހާރު ބޭނުމެއްނޫން” ދާރާ އޭނާގެ ހިތުގައި ވާ އެއްޗެއް އަންބަރަށް އޮޅުން ފިލުވާދިނެވެ.

“އެހެންވިޔަސް، އަހަރުމެންގެ ބަލްމާއަށް ދިމާވެގެން މިއުޅޭ ކަންތަކާ ހެދި އޭނާ އިންނަން އެއްބަސްވާނެތަ، އަނެއްކާ މީ އޭނާގެ ފަރާތުން ދިމާވެގެން އުޅޭކަމެއް ނޫންބާއޭވެސް ހިތަށްއަރާ، ދާރާއަށްވެސް އެނގޭނެ، މިރަށުގެ ބައެއް ޒުވާން ކުދިން އަންހެން ކުދިން ހޯދަން އެކަހަލަ ކަންތައްތައް ކޮށްއުޅޭކަން، އަހަންނަށްވެސް މިހުރިހާ ކަމަކާ މިހާވަރަށް އެކުން މިވިސްނެނީ ބަލްމާގެ ޚާލާމެދު ކަންބޮޑުވެފަ ހުރިވަރުން” އަންބަރުގެ ޚިޔާލަށް ކަންތައްތައް އައިގޮތް އޭނާ ހާމަކުރިއެވެ.

“އަހަރެންވެސް މިހެން މިބުނީ އަހަރުމެންގެ ކުދިންނަށް ރަނގަޅަކަށް، އަންހެން ކުދިންވީމަ ހާދަ ވިސްނަން ޖެހޭނެޔޭ، ނޫންތަ އަންބަރު” ދާރާ ބުންޏެވެ. އަންބަރުވެސް ފިކުރުބޮޑުވެފައި ހުރި ގޮތަކަށް ހުރެ މަޑުމަޑުން ބޯޖަހާލީ ދާރާ ދައްކާ ވާހަކައަކީވެސް ގޯސްވާހަކައެއް ނޫންކަމަށް އެއްބަސްވުމުގެ ގޮތުންނެވެ.

“އަންބަރު، އަހަރެން ވާހަކައެއް ބުނަންވެފަ އެބައޮތް، މިއަދު މެންދުރު ސުލައިމާނަށް އަހަރެން ގުޅިން، މިހާރު ނިޒާރުބެއެއްވެސް ދެން ނުހުންނާނެ އެންނު ކަމެއް ދިމާވެގެން ދާކަށްވެސް، އެހެންވެ އޭނާއަށް ގުޅީ، ބުނި މިރޭ އަންނާނަމޭ” ދާރާ ބުންޏެވެ.

“ދާރާއަށް އޭނާއަށް އިތުބާރު ކުރެވޭތަ” އަންބަރު ކުރީ ސުވާލެކެވެ.

“އާން، ކީއްވެ ނުކުރެވެންވީ، އޭނާއަށް އަހަރުމެންގެ ޢާއިލާ އެނގޭނެ، އަނެއްކާ އިނދެގެން އެއުޅެނީ އަހަރެންގެ ވަރަށް ތިމާގެ ކުއްޖަކާ، މީގެ ކުރިން އޭނަ މިކަހަލަ ކަންތައްތައް ކޮށްއުޅޭކަމެއް ނޭނގޭ، އެކަމަކު އަތްބަލާ ފާލުބަލާ ހަދާކަން އެނގޭ، މިހެން ބުންޏަސް ސުލައިމާނުގެ ހުންނާނެ ފޮނިގޮތެއް، މީހުން ކައިރީ ވަރަށް ސަޅިކަނޑާނެ” ހިނިއައިސްފައި ހުރެ ދާރާ ބުންޏެވެ.

“ދާރާ ހިތްހަމަޖެހެންޏާ އަހަންނަށް މައްސަލައެއްނެތް، ބޭނުމަކީ މިކަމުން ސަލާމަތްވުން، އޭނާ އައިމާ ސާފުކުރަންވާނެ މިކަންވާނެތޯ، އޭނާއަށް ނުވަންޏާ ކޮންމެހެން މިކަމުގެތެރެއަށް ވަނުމުގެ ބޭނުމެއްނެއްތާ” އަންބަރު މިހެން ބުނެ ލައިގެން ހުރި ގަމީސް ބޭލުމަށްފަހު ވަނީ ފާޚާނާއަށެވެ. ހީވާގޮތުން އެއުޅެނީ މަޤްރިބު ނަމާދަށް މިސްކިތިތަށް ދާންވާއިރަށް ކުޑަކޮށް މީހާ ތާޒާވެލާށެވެ.

“ދިނާރަށް މިގެއަށް އަންނަން ކެރުނީތީ އަހަރެން މިހިރީ ޝޮކްޑްވެފަ” ސޯފާގެ އެއްކޮޅުގައި ދިނާރު އިންއިރު، އޭގެ އަނެއްކޮޅުގައި ބަލްމާ އިނދެ ބުންޏެވެ. ދެމީހުން ތިބީ އެހާވެސް ދުރުގައެވެ.

“އަހަރެން ބެލް އާއި މެރީ ކުރަން ބޭނުންވާ ވާހަކަ ކުރިންވެސް ބުނީމެންނު، ބެލްވެސް އެކަމާ ޤަބޫލު ވީމެންނު، އެކަމަކު ވަރަށް ދެރަވި މެރީ ކުރަން އެއްބަސްވެފަ އަހަރެން އިގްނޯކޮށްލީމަ، އެހެންވެ އަހަންނަށް މަޖުބޫރުވީ ބެލް ހޯދަން މިގެއަށް އަންނަން، އައިމަ އެނގުނު ބެލް އަދިވެސް ރަނގަޅެއް ނުވާކަން، ހާރޫނަކީވެސް ފޭކު މީހެއް، އެވަރަށް ރުފިޔާ ނަގާފަ، ކުރިކަންތައް ރަނގަޅެއް ނުވިއެންނު، އަނެއްކާ ބެލްގެ މަންމަމެން އައީމަ ދެން އަހަރެން ބެލް ގޮވައިގެން އެކަހަލަ މީހެއްގެ ގާތަށް ދިއުމީ ރަނގަޅު ކަމެއްނޫންތާ، އެހެންނޫނަސް މަށަށް ނުވެސް ކެރޭނެ އެހެން އުޅޭކަށް، ހާދަ ހިތްވަރެއްކޮށްފައޭ މިގެއަށް އައީ، ނަސީބަކުން ބެލްގެ ދޮންބެ ހުރީ ރުޅި އަންނަ ކަހަލަ ގޮތަކަށްނޫން، މަންމަ ކޮންޓްރޯލު ކުރީ ބެލްގެ ދޮންބެ، އެންމެންވެސް ތިބީ ބެލްއަށް މިކަމެއް ދިމާވާންޖެހުނު ސަބަބެއް އޮޅުން ފިލުވަން ބޭނުންވެފަ” ދިނާރުގެ ދުލުން އެހުރިހާ ވާހަކައެއް ބަލްމާ އަޑުއަހަންއިނީ ވަރަށް އުފާވެފައެވެ. އޭނާގެ ހިތުގައި ދިނާރަށްޓަކައި އުފެދިފައިވާ ލޯބި އިތުރުވެގެން ދިޔަފަދައެވެ. އެހެންނަމަވެސް އަދިވެސް ބަލްމާގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމުގެ އަސަރެވެ. ހަށިގަނޑު އަނަރޫފަވެ ދެލޯކައިރިއަށް މަޑު އަޅިކުލައެއް އަރާފައި ހުއްޓެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ބަލްމާއަށް އައީ ހާދަބޮޑު ބަދަލުތަކެކޭ އޭނާއަށް ބަލަން އިން ދިނާރުގެ ހިތަށް އަރަމުންދިޔައެވެ. މަޑުމަޑުން ގެނެސް އަތުގެ ތެރެއަށްލާ ވަރުބަލިވެފައިވާ ދެލޮލުގައި ބޮސްދިނުމާއިއެކު އެރީތި އޮމާން ދޮން ހަށިގަނޑުގައި ލޯބިން ފިރުމާލަން ދިނާރު ބޭނުންވިއެވެ. އިޙްސާސްތައް ކޮންޓްރޯލު ކުރަން މަޖުބޫރުވީ އިނދެވުނު ތަނުގެ ގޮތުންނެވެ.

” އަހަރުމެން މެރީ ކުރަން ބައްޕަ އޯކޭއޭ ބުނެފިތަ” ބަލްމާ މިހެން ބުނި ވަގުތާ ދާރާ ކޮޓަރިން ނުކުމެގެން އެދިމާލަށް އަންނަތަން ފެނުނެވެ. އާދަޔާއި ޚިލާފު ހިމޭންކަމެއް އެދެމެދަށް ވެރިވެގެން ދިޔައީ އެހެންވެއެވެ. ދިނާރަށްވެސް ދައްކާނެ ވާހަކައެއް ނޭނގުނެވެ. ދާރާ އެމީހުންގެ ގާތުގައި އުޅޭނަމަ، އެމީހުން ދައްކާ ވާހަކަވެސް އަޑުއިވޭނެކަން ޔަގީނެވެ. އެހެންވީމަ ބޭނުން ކޮންމެ ވާހަކައެއް ނުދެއްކޭނޭތީ ދެމީހުންވެސް ހާސްވީއެވެ.

“މަންމަ ވާހަކައެއް ބުނަންވެފަ އެބައޮތް” ދާރާ އައިސް ބަލްމާ އާއި ދިނާރުގެ ކުރިމައްޗަށް ހުއްޓެމުން ބުންޏެވެ. ދެޒުވާނުން އަވަސް އަވަހަށް ދާރާ އާއި ކުރިމަތިލަމުން ބޯޖަހާލީ އަޑުއަހަން ތިބިކަން އަންގާލުމުގެ އިޝާރާތެއްގެ ގޮތުންނެވެ.

“ބަލްމާ ބޭރަށް ދާކަށް އެއްގޮތަކަށްވެސް މަންމަ ހިތްހަމައެއް ނުޖެހޭ، އަދި ބައްޕަވެސް އެގޮތް ބޭނުމެއްނުވޭ، ދިނާރު، ބަލްމާ އާއި ބައްދަލު ކުރަން ބޭނުންވާނަމަ މަންމަގެ މައްސަލައެއް ނެތް މިގެއަށް އަޔަސް، އުންމީދުކުރަން މިގޮތާއި ދެކޮޅު ނުހަދާނެކަމަށް، އިންނަން ބޭނުންވެފައި ތިއްބަސް، އެކަމަށްވެސް އަދި މަންމަ ބުނާނީ އެހަށް މަޑުކޮށްލާށޭ” ދާރާ މިހެންބުނިއިރުވެސް ރަނގަޅު ޒުވާނަކު މައިންބަފައިންނާއި ދެކޮޅު ނުވާނެކަން އެނގެއެވެ.

“މަންމަ ބޭނުންގޮތެއް” ދިނާރު މަޑުމަޑުން ކިޔަމަންތެރިކަމާއިއެކު ބުނެލިއެވެ. ދާރާ ހިނިތުންވެލާފައި ނުކުތީ ގޭގެ ގޯތިތެރެއަށެވެ. އޭނާ ކުރިންވެސް ކުރަންހުރި މަސައްކަތް ކުރުމަށެވެ. އިރުއޮއްސެން ވާއިރަށް އެކަން ނިންމާލެވޭތޯއެވެ.

“މަންމަ އަހަންނާ ވަރަށް ޤަބޫލުހެން ހީވަނީ، އެހެންނޫނީ މިގެއަކަށް ނުވައްދާނެއެންނު، ބެލްގެ ބައްޕަ އަދި ވާހަކައެއް ނުދައްކާ، އެކަމަކު ބެލްގެ ބައްޕަ ބަލާލާފަ ހިޔެއްނުވޭ އެހާ ރުޅިގަދަވާނެ ހެނެއް” ދިނާރު ހީނލާފައި ބުންޏެވެ.

“އަހަރެންވެސް ހިތަށް އަރާ ކީއްވެ އަހަންނަށް ވީކަމެއް ބާއޭ މީ، އަހަރެން ވަރަށް ބިރުވެސް ގަނޭ، މަންމަ ބުނި ނަމާދުކުރަންފެށީމަ ރަނގަޅުވާނެޔޭ، ދިނާރަށް އެނގޭތަ، އޭރުއްސުރެ އަހަރެންގެ ޕީރިއަޑްއެއް ރަނގަޅެއްނުވޭ، ޑޮކްޓަރަށްދައްކަން މަންމަ ބުނި، އެކަމަކު އަހަރެންވެސް ބިރުގަނޭ ބޭރަށް ނުކުންނަން، ފާޑު ފާޑުގެ އެއްޗެހި ފެނިދާނެތީ، އެބޭބެވެސް ބުނި ދެން އަހަންނަށް އެއްވެސް ކަމެއް ނުވާނެއޭ، އެކަމަކު ދެދުވަސްފަހުން ރޭގައި އަހަންނަށް އެހެންވީ” ބަލްމާއަށް އިތުރަށް އެއްޗެއް ނުބުނެވުނެވެ.

“އެވާހަކަ ނުދައްކާ، ބެލް ބިރުގަންނަ ވާހަކައެއް އިތުރަށް ދައްކާނެ ކަމެއްނެތް، މަންމަ އާއިއެކު ޑޮކްޓަރަށް ދާނީ، ބޭސްކުރަނިކޮށް އިރާދަކުރެއްވިއްޔާ ރަނގަޅުވެދާނެ، ބެލްގެ ފެމެލީ އެތިބީ ބެލްއަށް ހުރިހާކަމެއް ކޮށްދެން ތައްޔާރަށް، އަހަރެންވެސް މިހުރީނު، ބެލް އެއްވެސް ކަމަކާ ހާސްވާނެކަމެއްނެތް، އިރާދަކުރެއްވިއްޔާ ދެން އެކަމުން އެއްވެސް އުނދަގުލެއް ނުފޯރާނެކަމަށް ޤަބޫލުކުރޭ، ރަނގަޅަށް އުޅެން އަޒުމު ކަނޑައަޅަނާ، އަހަންނަކީވެސް ނަމާދަށް ފަރުވާތެރިވެވޭ މީހެއްނޫން، އެކަމަކު މިހާރު ބަރާބަރު ވަގުތަށް ނަމާދަށް މިސްކިތަށް ދެވޭތޯ މަސައްކަތް ކުރަން، މަޖާކުރުމުގައި ހުރިހާ ވަގުތެއް ހޭދަކޮށްލުމަކީ ރަނގަޅު ކަމެއް ނޫންކަން ވިސްނުނީ އަދި ކިރިޔާ، މީގެ ކުރިން އުޅެވެމުންދިޔަ ގޮތާއިމެދު ވިސްނާލާނެ ފުރުޞަތެއް ނުލިބޭ، ވިސްނަން ބޭނުންވެސް ނުވަނީ، އެއާއި ޚިލާފަށް މިހާރު އަހަންނަކީވެސް މުޅިން އެހެން މީހެއް، އަހަރެން މިހާރު ބޭނުމެއްނޫން ކުރިން އުޅުނުހެން ވަގުތު ބޭކާރުގޮތުގައި ހޭދަކުރާކަށް، ބެލްވެސް ރަނގަޅު ކުއްޖަކަށްވާން އަހަރެން ބޭނުންވަނީ، އެކަން އަހަންނަށް ކޮށްދޭނަންތަ” ދިނާރު މަޑުމަޑުން ބަލްމާގެ ގާތަށް ޖެހިލަމުން އޭނާގެ އަތުގައި ހިފާލައިގެން އިނދެ ވާހަކަދެއްކިއެވެ.

“ކަންތައްކޮށްދިން ބޭބެ އަހަރެންގެ ގައިގާ މިހާރު އޮންނަނީ ތަވީދެއް އަޅުވަދީފަ، އޭގެ ފަހުން ހީވޭ އިޙްސާސްކުރެވޭ އުނދަގޫތައް ކުޑަވެއްޖެހެން، އެބޭބެ މިފަހަރުވެސް ޔަގީންކަން ދިން އަހަންނަށް ދެން އިތުރަށް ކަމެއް ނުވާނެކަމަށް، އެހެން ޤަބޫލުކުރަން ބޭނުންވަނީވެސް، ދިނާރު، އަހަރެން ރަނގަޅުވާން މަސައްކަތް ކުރާނަން” ދިނާރުގެ އަތްތިލައަށް ބާރުލަމުން ބަލްމާ ބުންޏެވެ.

އިރުއޮއްސި ނަމާދަށް ގޮވުމާއިއެކު ދިނާރު، ބަލްމާމެންގެއިން ނުކުތީ ނަމާދަށް ދާށެވެ. ދެނަމާދު ދޭތެރޭގައި މިސްކިތުގައި ކިޔަވަންތިބޭ މީހުން ވަރަށް ގިނައެވެ. އެހެންނަމަވެސް އެމީހުންގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވެފައި ތިބި މީހުންނެވެ.

ދިނާރުވެސް މިސްކިތުގެ ކާޕެޓުމަތީ ހަތިމެއް ހިފައިގެން އިށީނެވެ. ކިޔަވާލާފައި އިޝާ ނަމާދުކޮށްލައިގެން ގެއަށް ދިއުމަށް ނިޔަތް ގަނެގެންނެވެ. އަދި ގެއަށް ދެވުމާއިއެކު މަންމަ ގާތު ބަލްމާގެ ވާހަކަ ދައްކަންވެސް އޭނާ ހުރީ ބޭނުންވެފައެވެ. ބަލްމާގެ މަންމަ ކަންތައްކުރިގޮތުން ދިނާރަށް ވަނީ އާހިތްވަރެއް ލިބިފައެވެ. ބަލްމާ ހޯދަން އޭނާގެ ގެއަށް ދާކަށް ދެނެއް ދިނާރު ފަހެއް ނުޖެހޭނެއެވެ. ކައިވެނީގެ ވާހަކަ ބަލްމާގެ ޢާއިލާގެ އިސްމީހުން ގާތު ބުނެވުމުން އެކަމާ ދިނާރަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވެއެވެ.

އިޝާ ނަމާދުން ފައިބައިގެން ސިޓިން ރޫމަށް ނުކުން ދާރާ ފާރުގައި ހުރި ވަށް ގަޑިއަށް ބަލާލިއެވެ. އަށެއް ޖަހާކަށް މާގިނައިރެއް ނެތެވެ. އަންބަރުވެސް މިހާރު ނަމާދުން ފައިބައިގެން އަންނަން އުޅޭނެކަން ދާރާއަށް އެނގެއެވެ. އަދި އަންބަރު ގެއަށް އަންނަ ގޮތަށް ރޭގަނޑުގެ ޚަބަރު ބަލާ ނިމިގެން ނޫނީ ނުކާނެއެވެ. އެހެންވެ ދާރާ އެނބުރިގަތީ ރޭގަނޑުގެ ކެއުން ތައްޔާރު ކުރުމަށެވެ. ކާމޭޒު މައްޗަށް ތަށިތައް ނެގުމުގެ ކުރިން ދާރާ ތަލިތަށް އުނދުން މައްޗަށް ލާ ހޫނުކޮށްލަން ތައްޔާރުކޮށްލިއެވެ. އެވަގުތު…

“ދާރާ، ދާރާ، މިހިރީ ދާރާ ހޯދަން އައިސް ހުރި މީހަކު” އަންބަރުގެ އަޑު ދާރާއަށް އިވުނެވެ. އުނދުން މަތީ ބަހައްޓާފައި ހުރި ތެލީގައި އޮތް އުނދުޅިން ރިހަގަނޑު ހަލާލާފައި ތެލީގެ އަރިމަތީ ޖަހާލަމުން އެނަގާ ރިހަން އަޅަން ތައްޔާރު ކޮށްފައި ހުރި ބޯތައްޓަށް ލާފައި، އަވަސްވެގަތީ އޭނާ ހޯދަން އައި މީހަކު ބަލާށެވެ.

“ސުލައިމާނު” ވަރަށް ހިނިއައިސްފައި ދާރާ އަށް ބުނެވުނެވެ.

“ޅިޔަނު ސިގަރޭޓެއް ބޯން ހުއްޓާ މިއައީ އަތުލައިގަނެގެން” ސަމާސާ ރާގެއްގައި ސުލައިމާނު ބުންޏެވެ. އެއާއިއެކު އަންބަރުވެސް ހީނލިއެވެ.

“މިގަޑީގަ، ނުވާނެ އެހެނެއް، މިސްކިތުން ދިމާވެގެން ދޯ ތިއައީ” ދާރާ މިހެން ބުނުމާއިއެކު އުނދުން މައްޗަށް އުދާފައި ހުރި ރިހަ ތެލީގެ ވަސް ދުވައިގެން އެއާއި ދިމާލަށް ހިނގައިގަތެވެ.

“ކޮބާ ޅިޔަނާ، ފެނޭ، އެހެރީ ދައްތަ އަދިވެސް ލޯބިވާ ވަރު ޅިޔަނުދެކެ، ދައްތާ، ހަމަ ރަނގަޅު ވަގުތާ ދޯ މިގެއަށް މިއާދެވުނީ” ސުލައިމާނަށް ބަދިގޭ ފަރާތުގައި ހަރަކާތްތެރިވާ ދާރާ ފެނި ބުންޏެވެ.

“އާން، ރަނގަޅު ނޫން ވަގުތެއް އޮވޭތަ، އަވަހަށް ހިނގާ ކަމާ، އެކަމަކު އަންބަރު ކާނީ އަށެއްގެ ޚަބަރު ބަލާފަ” ދާރާ ބުންޏެވެ.

“ރަނގަޅުވާނެ، މިގެއަށް އައި ފަހަރު ދާންވާނީ ދައްތަ ދިން އެއްޗެއް ކައިލައިގެންތާ، ދައްތަ ވަރަށް މީރުކޮށްވިއްޔާ އެއްޗެއްހި ހަދާފަ ހުންނާނީ، މަވެސް ކާން އަރާނީ ޅިޔަނާއެކު، ހިނގާ ޅިޔަނާ މަވެސް ޚަބަރު ބަލާލަން ބޭނުން” ސުލައިމާނު މިހެން ބުނެ އަންބަރާއި ދިމާލަށް ހިނގައިގަތެވެ.

“އާދޭ އާދޭ” އަންބަރުވެސް އައިސް ސޯފާގައި އިށީނެވެ. އޭނާ އާއިއެކު ސުލައިމާނުވެސް އެސޯފާގައި އިށީނެވެ. ސުލައިމާނަކީ މީހުންނާ ސަމާސާކުރާ ހިތްވާ އެހާމެ ބޮޑާ ކަނޑާ މީހެކެވެ. އުމުރުން ސާޅީސް ތިން އަހަރު ވެފައި ވިއިރު އަންބަކާއި ތިން ކުދިން ތިބެވެ. އެހެންނަމަވެސް އޭނާއަކީ އަންހެނުންނާ ވަރަށް ރައްޓެހިކަން ބާއްވާ މީހެކެވެ. އޭނާގެ ކެއުން ބުއިން ބިނާވެފައި ވަނީ އޭނާއަށް އެކިގޮތްގޮތުން މީހުން ވިއްކާފައި ހުރި ދޯނިންނެވެ. އެގޮތުން މިހާރުވެސް އޭނާގެ އަތުގައި ހެޔޮވަރު ވަރުގެ ތިން ދޯނި އޮވެއެވެ. ނަމަވެސް އެތަނުން އެކަތި އޮތީ އާކުރުމަށް އެހެލާފައެވެ. އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި މީހުންނަށް ކަންވެރިކަން ކޮށްދިނުންވެސް އޭނާގެ މަސައްކަތަކަށްވަނީ ވެފައެވެ.

އަށެއްގެ ޚަބަރު ނިމުމާއިއެކު ޓީވީގެ އަޑު ކުޑަކޮށް މަޑުކޮށްލާފައި އަންބަރު، ސުލައިމާނު ގޮވައިގެން އައިސް ކާމޭޒު ދޮށުގައި އިށީނެވެ. ދާރާ އެމީހުންނަށް ފެނާ ޖޫހާ އަޅައިދެމުން ދިޔައިރު އަންބަރު އިނީ ސުލައިމާނާ ވާހަކަދައްކާށެވެ.

“ކަލޭ ކޮންއިރަކު މިކަހަލަ ކަންތައްތަކުގެ ތެރެއަށް ވަނީ” އަންބަރު ސުވާލު ކުރިއެވެ.

“ފަރީދުމެންގެ ބައްޕަގެ ފޮތްބޮނޑި އަހަންނަށް ލިބުނީ، އޭގެން ދަސްވީ، އަންބަރުވެސް ދަސްކުރަންވީނު، އޭރުން ކަމެއް ދިމާވީމަ ހަދާނެގޮތެއް ނޭނގިގެން އުޅޭކަށް ނުޖެހޭނެ” ސުލައިމާނު ފޮނިގޮތަކަށް ބުނެލިއެވެ.

“ކޮބާތަ ކުދިވެރިން، މިހާރު ވަރަށް ބޮޑެވެދާނެ ދޯ، މީހަކާ އިނދެފިތަ” ސުލައިމާނު މަޢުލޫ އަނބުރާލިއެވެ.

“އެބަތިބި ކޮޓަރީގަ” ދާރާ ބުންޏެވެ.

ރޭގަނޑުގެ ކެއުން ނިމިގެން ދިޔައިރުވެސް ދާރާ އަށް އޭނާ ބޭނުންވި ވާހަކައެއް ސުލައިމާނާއި ދެއްކޭގޮތެއް ނުވިއެވެ. މައްސަލަކީ ސުލައިމާނު އެފަދަ ފުރުޞަތެއް އޭނާއަށް ނުދިނުމެވެ. މުނިންވެސް ސުލައިމާނު ދެއްކީ އޭނާގެ އަމިއްލަ ވާހަކައެވެ. އެކަމާ ފޫހިވެފައި ދާރާ އިނަސް، އިސްނަގާ ސުލައިމާނުގެ ވާހަކަ ހުއްޓުވާކަށް ނުކެރުނެވެ. އެހެންވެ އޭނާ ދެއްކި ހުރިހާ ވާހަކައެއް އަޑުއަހަން އިނދެވުނީއެވެ. އެންމެފަހުން އެގާރަ ޖަހަން އުޅެނިކޮށް ސުލައިމާނު ނުކުމެގެން ދިޔައީ ދާރާ ގާތު ގުޅުމަށް ބުނެފައެވެ. ކޮންމެވެސް ވަރަކަށް ވާހަކަ ފަށަން މަސައްކަތް ކުރި ދާރާ ވަރަށް ބޮޑަށް ނާއުންމީދުވެގެން ދިޔައެވެ. ސުލައިމާނު އެގޮތަށް ކަންތައްކޮށްފާނެ ކަމަކަށް ހީކުރެވިފައި ނެތުމުން އަންބަރުވެސް ހުރީ ކުޑަކޮށް ހިތްހަމަ ނުޖެހިފައެވެ.

ރޭގަނޑުގެ އަރާމު ނިދީގައި އެންމެން ތިބީ އެއްކޮޓަރިއެއްގެ ތެރޭގައެވެ. ދެމަފިރިންނާއި ހަގުދެބެން ހަމަޖެހިލައިގެން ނިދާފައި ތިބީ އެއްވެސް އުނދަގުލެއް ހާސްވުމެއްނެތިއެވެ. މަތީގައި އެނބުރެމުން ދިޔަ ފަންކާ އާއި ރޭގަނޑުގެ ތެތްފިނިކަން ހިފާފައިވާ މުށިތަކުން ކޮޓަރީގެ އުފެދެމުންދާ ހޫނުކަން މުނިންހެން ވަނީ ކަނޑުވާލާފައެވެ. ބޮޑު އެނދުގައި ދެބެން ޖެހި ޖެހިގެން ކަހަލަ ގޮތަކަށް ނިދާފައި ތިބީ އެނދުގައި އޮތް ބޮޑު ރަޖާ ގައިމަތީ އަޅާލައިގެންނެވެ. ޓައިލްސް މަތީ ގޮދަޑީގައި ދާރާ އާއި އަންބަރު ނިދާފައި އޮތެވެ. ކުދިން ބިރުން އުޅޭތީވެ ކޮޓަރީގައި ހުރި ހުދު އަލީގެ ބޮކިވަނީ ނިވާނުލައެވެ. އެހެންވެ ކޮޓަރިތެރެއަށްވަނީ ވަށައިގެން އަލިކަން ފެތުރިފައެވެ.

ދުރުދުރަށް ދާންދެން ހީވަނީ ބޯކަޅުވިލާގަނޑެއް ފެތުރިފައި ވާހެނެވެ. އެވިލާގަނޑު ހުރެ ކައިރިވަމުންދިޔައެވެ. ބަތީލުގެ ހަށިގަނޑު ފިނިވަމުން ދިޔައީ އެކަޅު ވިލާގަނޑު އާދަޔާ ޚިލާފު ބާރުމިނެއްގައި އޭނާ އާއި ދިމާލަށް އަންނަމުން ދާތީއެވެ. މީހަކަށް އެހީއަކަށް ގޮވަން އޭނާ ބޭނުންވެ އަނގަ ހުޅުވާލެވުނެވެ. ނަމަވެސް އަޑެއް ނުނިކުތެވެ. ދުއްވައިގަންނަން ހިތަށް އެރިއެއް ކަމަކު ހަށިގަނޑުގެ ގުނަވަނެއް ތަޅުވައެއް ނުލެވުނެވެ. ފަރާތަކަށް ބަލައެއް ނުލެވުނެވެ. ހަޅޭލަވައިގަންނަން އުޅެ އުޅެ އެކަމެއްވެސް ނުވިއެވެ. އެހެންނަމަވެސް މީހާއަށް ވަރުބަލިކަމެއް އިޙްސާސް ކުރެވުނެވެ. އަދި އޭނާގެ ކަނދުރާ އާއި ދިމާލުން ކޮނޑުގައި ކޮންމެވެސް މީހަކު އަތްލިހެންވެސް ހީވިއެވެ. ބަތީލަށް ހަރަކާތެއް ކުރެވުނީ އެކަޅު ބޯ ވިލާގަނޑު އައިސް ބަލްމާ އާއި ވަރަށް ކައިރިވި ފަހުންނެވެ. އެއާއިއެކު އެއީ ވިލާގަނޑެއް ނޫންކަންވެސް ބަތީލަށް އެނގިއްޖެއެވެ. ދުއްވައިގަނެވުނީ ދެފަޔަށް ލެވުނުހާ ބާރެއް ލާފައެވެ. ބަތީލުގެ ފަހަތުން ނުބައި ސިފަތަކެއްގައި ތިބި އެއްޗެހިތަކެއް ދުވަމުން އަންނަނީ ވަރަށް ބާރަށެވެ. ހިވަނީ ދެންމެ ދެންމެ އެއެއްޗެހީގެ އަތްދަށު ބަތީލުވެދާނެހެންނެވެ. ބިރުންގޮސް ފިތްކެނޑޭވަރުވިއެވެ. އިންސާނުންގެ ސިފައަކަށްނުވެ ނުވިތާކަށް ޖަނާވަރުންގެ ސިފައަކަށްވެސް މުޅިއަކުން ނުވެއެވެ. ދުވަނީ ހަތަރެސް ފައި ޖަހައިގެންނެވެ.

ކިހިނެއްކަމެއް ނޭނގެއެވެ. ފުންމައިގެން ބަތީލަށް ތެދުވެވުމާއިއެކު އޭނާއަށް ފެނުނީ ހުވަފެނެއްކަން އެނގި ފުންނޭވާއެއް ބޭރުކޮށްލެވުނެވެ. އަދި ހިތަށް އެރިއެވެ.

“އަނެއްކާ އެއްކަލަ އުނދަގޫ ވާންފެށީބާ، ބައްޕަމެންގެ ރަށަށް ދިއުމުން އެއުނދަގޫ މުޅިންހެން ހުރީ ހުއްޓުފި” ބަތީލު ހިތާ ހިތުން ބުނެލިއެވެ. އަދި ދެފަރާތުގައި ނިދާފައި ތިބި މީހުންނަށް ބަލާލާފައި އަނެއްކާވެސް ބަތީލު އޮށޯތީ ނިދާލުމަށެވެ. ފެނުނީ ހުވަފެނަކަށްވީތީ އެކަން އެކަމުން މާބޮޑު މާނަތަކެއް ނެރި އެކަމާ ވިސްނުމުގެ ބަދަލުގައެވެ. އޮށޯތުމާއިއެކު ބަތީލު ދެލޯ މަރާލިއެވެ. ސިކުނޑިއަށާއި މީހާއަށް ލިބިފައިވާ ސިހުން ކަނޑުވާލަން އިރުކޮޅެއް ނެގިއެވެ. އެހާ ފަސޭހައިން ނިދޭ ގޮތެއް ނުވިއެއް ކަމަކު އޭނާ ބޭނުންވީ ދެލޯ މަރާލައިގެން އޮންނާށެވެ. އަވަހަށް ނިދޭނީ އޭރުން ކަމުގައި ހީކޮށްގެންނެވެ.

ގިނައިރުތަކެއް ނުވެ ބަތީލުގެ ދެފައި ތިލަޔަށް ފިނިވާން ފެށިއެވެ. އެއާއިއެކު ދެފައި ދެފަޔާ އުނގުޅާލީ ހޫނުކޮށްލުމަށެވެ. އޭރުވެސް އޮތީ ދެލޯ މަރާލައިގެންނެވެ. އެހެން ހަދާލުމުން ފިނިކަން ކޮންމެވެސް ވަރަކަށް ކުޑަވެގެން ދިޔައެވެ. އަނެއްކާވެސް މަދު ސުކުންތު ކޮޅެއްގެ ތެރޭގައި ބަލްމާގެ ދެފައިތިލަ އާއި ކުޑަހުޅާ ދިމާ ފިނިވިއެވެ. މިފަހަރު ކުރިއާއި ޚިލާފަށް ބަތީލު ދިޔައީ ސިއްސައިގެންނެވެ. އޭނާގެ ދެފައިގައި މީހަކު ހިފަހައްޓަނީއެވެ. ސިހިފައި ބަލާލެވުނީ އެނދުގެ ފައިލާ ކޮޅަށެވެ.

ބަތީލުގެ ދެލޯ ބޮޑުވެގެން ދިޔައީ އޭނާގެ ފައިގާ ހިފަހައްޓައިގެން އެނދަށް އަރާ އިން ކަޅު އެއްޗެއް ފެނުމުންނެވެ. ބޮޑަށް ވައްތަރުވާން އުޅެނީ އިންސާނެއްގެ ސިފަތަކާއިއެވެ. އެހެންނަމަވެސް އެއީ އިންސާނެއް ނޫނެވެ. ކަޅުވެފައި ދެލޯ ހަމައެކަނި ފެންނަ ކަމެވެ. ހީވާ ގޮތުން އެ އެއްޗެއް އެއިނީ ބަރަހަނާކޮށެވެ. ބިރުން ތުރުތުރު އަޅާލި ބަލްމާ ހަޅޭލަވައިގަންނަން އަނގަހުޅުވާލުމާއިއެކު، ފައިކޮޅުގައި އިން އެތި ކުއްލިއަކަށް ބަތީލުގެ ދެފައި ދުރުކޮށްލުމާއިއެކު ހަތަރެސްފައި ޖަހައިގެން އޮވެ އެއައި ގޮތަށް ބަތީލުގެ ދެފައި ދޭތެރެއަށް ވަދެ ގެއްލިއްޖެއެވެ. އޭރު ބަތީލަށް ފާޑަކަށް ހުރީ ކޮޅަށް ތެދުވިފައެވެ. އަމިއްލަ އިޙްތިޔާރަކު ނޫނެވެ. މުޅި ހަށިގަނޑު ހީވަނީ އެހެން މީހެއްގެ ބާރުގެ ދަށުގައި ވާހެނެވެ. ދެކަކޫ އެނދުގައި ޖެހިފައި ހުރި އިރު ބަނޑު ހުރީ ފަސްމަހުގެ މާބަނޑު މީހެއްގެ ބަނޑުހެން ފުއްޕާލުމާއިއެކު މީހާ އިތިވެފައެވެ. ދެއަތުގައި ވަރުނެތިގެން އެލިފައި އޮތް އިރު ބޯވެސް އޮތީ ކަނދުރާ ހަރުނުލާ ކުޑަކުއްޖަކު ފަދައިން ފަހަތަށް އެލިފައެވެ. ވާގިނެތޭ ބަލި ޖެހިފައި އޮންނަ މީހަކު ލައްވާ ފަދަ މަޑުމަޑު އަޑެއް ބަތީލުގެ އަނގައިން ނުކުންނަމުން ދިޔައެވެ. ދެލޯ ފެންކަޅިވެ ލޮލުގެ ހިމަކޮޅުން ލާފައި މޫނުގެ ދެފަރާތުން ފައިބަން ފަށައިފިއެވެ. ހިތްވަރުކޮށްފައި ލެވުނުހާ ބާރެއް ގަޔަށް ލުމުންވެސް އޭނާއަށް ހަމައެކަނި ކުރެވުނު ކަމަކީ ލޮލުގެ އެސްފިޔަތަށް ތަޅުވާލެވުމެވެ. އެހުރި ގޮތަށް ބަތީލު ގަޑިއެއްހާއިރު ވަންދެން ހުރިއިރުވެސް އެކޮޓަރިތެރޭން އިތުރު މީހެއްގެ ހިލަމެއް ނުވިއެވެ. ހީވާ ކަހަލައެވެ. އޭނާ ނޫން އެހެން އެންމެން އެތިބީ ފަހެ މަރުވެފައި ބާއެވެ. ކުއްލިއަކަށް އެނދުމައްޗަށް ވެއްޓި ޖެހުނު ބަތީލަށް ހީވީ ގަދަފަދަ ހިލިހިލާ ގަނޑަކުން އޭނާގެ ހަށިގަނޑު ނެއްޓުނު ހެންނެވެ. ފުންމައިގެން ތެދުވަން ބޭނުންވިއެވެ. ދާރާއަށް ގޮވަން ބޭނުންވިއެވެ. އެހެންނަމަވެސް އޭނާގެ ހަށިގަނޑުވަނީ ދުވަހަކުވެސް ވަރުބަލި ނުވާވަރަށް ވަރުބަލި ވެފައެވެ. އެއްވެ.ސް ކަމެއް ނުކުރެވިގެން އުޅެނިކޮށް ދެލޯ މެރި ނިދިޖެހޭ ގޮތްވެއްޖެއެވެ. އެއާއިއެކު ގިނައިރެއްނުވެ އަނެއްކާވެސް ހުވަފެނީ ދުނިޔެއަކަށް އޭނާއަށް ދެވިއްޖެއެވެ. ހަޤީޤަތާ އެއްވެސް ތަފާތެއް ނެތެވެ. ހުރިހާ ކަމެއްވެސް އެހާވެސް އަސްލެވެ.

ބަރަހަނާކޮށް ހިނގާފައި އައިސް މިންހާޖު ހުއްޓުނީ ތަންކޮޅެއް ދުރުގައެވެ. ވާހަކައެއް ނުދައްކައެވެ. ހުންނަނީ ބަލާށެވެ. ބަތީލަށް މިންހާޖު އެފަދަ ގޮތަކަށް ފެނުމުން ހައިރާންވެސް ވިއެވެ. އެހެންނަމަވެސް ބޮލުގެ އިސްތަށިން ފަށައިގެން ފައިގެ ބޮޑުވައި އިނގިއްޔާ ހަމައަށްވެސް ބަތީލަށް މިންހާޖު އެނގޭވިއްޔާއެވެ. ބޭއިޙްތިޔާރުގައި ހިނިތުންވެލެވުމާއިއެކު މިންހާޖު އިޝާރާތްކޮށްލީ އޭނާގެ ގާތަށް އައުމަށެވެ. ކުރިމަތީ ހުރީ ލޯބިވެރިޔާއަށް ވީތީ ބަތީލަށް ފިޔަވަޅަކަށް ފަހު ފިޔަވަޅެއް މިންހާޖާއި ގާތަށް އަޅަމުން އައިސް އޭނާގެ ދާދި ގާތުގި ހުއްޓެވިއްޖެއެވެ.

“ކިހިނެއްތަ ތިހުރީ، ކޮބާ އެއްޗެހި” ބަތީލަށް އަހާލެވުނެވެ. ނަމަވެސް މިންހާޖު އެއްވެސް ވާހަކައެއް ނުދެއްކިއެވެ. ބަތީލަށް ބަލަން ހުރީއެވެ.

ދެން ނުބަލަ ބަލަ ތިހެން ހުރެގެން” ބަތީލު ރަކި ގޮތަކަށް ބަލާލަމުން ބުންޏެވެ. އަދި މިންހާޖުގެ މޭގައި އަޅާ ކޮށްފާލަން އުޅުނެވެ. މިންހާޖުގެ މޭގައި ބަތީލުގެ އަތްޖެހުމާއިއެކު ކުއްލިއަކަށް އޭނާ ބަތީލުގެ އަތުގައި ހިފާ ގާތްކޮށްލިއެވެ. ލަދުން ގޮސް މިންހާޖުގެ މޭގައި ބަތީލު ތަތްވުމުން އެހަށިގަނޑު އާދަޔާއި ޚިލާފަށް ހޫނުހެން ހީވާން ފެށިއެވެ. އަދި ކޮންމެވެސް ވަރެއްގެ ތަތްކަމެއް މިންހާޖުގެ ގައިގާ ހުންނަހެންވެސް ބަތީލަށް ހީވިއެވެ. އެހެންވެ މިންހާޖާއި ދުރަށް ޖެހިލަން އުޅުމުން އޭނާ ބަތީލު ދުލެއް ނުކުރިއެވެ. ފުރަތަމަ ކައިވެނީގެ ރޭގައި އަލަތު އަނބިމީހާއަށް ލިބިގެން ދާފަދަ ހިތްގައިމު ކަމަކާއި މީރުކަމެއް ބަތީލަށް އިޙްސާސް ކުރެވުމުން ދިޔައެވެ. މީގެ ކުރިން މިންހާޖާއިއެކު ލިބިފައިނުވާފަދަ ލައްޒަތެކެވެ. ފޮނި މީރުކަމެކެވެ. ހިތްހަމަޖެހެމުންދިޔަ ވަރަކަށް އެހެން ހުރިހާ ކަމެއްގެމަތިން ބަތީލު ހަނދާންނެތިއްޖެއެވެ.

މާބޮޑަށް ހަށިގަނޑަށް ފިނިވާން ފެށުމުން މިންހާޖުގެ މޭގައި ފޮރުވާލައިގެން އޮތް މޫނު ބަތީލު އުފުލާލިއެވެ. އަދި މަރާލެވިފައިވާ ދެލޯ ހުޅުވާލީ ފިނިން ސަލާމަތްވާން ބޭނުންވެގެންނެވެ. އެއާއިއެކު އޭނާއަށް ވަށައިގެން ފެނިގެން ދިޔައީ ކަނު އަނދިރިކަމެވެ. ފުންމައިގެން ތެދުވަން އުޅެން ހަދައިގެން އަރިއަޅާލައިގެން މީހާގެ ހަށިގަނޑު ނުހިފެއްޓިގެން ވެއްޓި ޓައިލްސް ތަކުގެ މައްޗަށް ގުޅައަކަށް ޖެހިއްޖެއެވެ. ދެންވެސް ކައްޓެހެން ތެދުވި ބަތީލު ވަށައިގެން އަތްހޫރުވަމުން ކަނު އަނދިރީގައި ކުރިއަށް ހިނގަމުން ދިޔައެވެ. ތަފާތުކަމެއް ފާހަގަ ކުރެވުނެއް ކަމަކު އަވަސްވެފައިވާ ހިތަކާއިގެން އެއީ ކޮންކަމެއްކަން ދެނެގަންނާނެހާ ޤާބިލުކަމެއް އެވަގުތު ބަތީލުގެ ހާސްވެފައިވާ ސިކުނޑިއަކު ނެތެވެ. ހޫރަމުން ދިޔަ އަތް ފާރެއްގައި ޖެހުމުން ދެންވެސް އޭނާ މަސައްކަތް ކުރީ ސުވިޗު ބޯޑު ނޫނީ އެތަނުގެ ދޮރެއް ހުރިއްޔާ އެދޮރުގެ ތަޅު އަތުގައި ޖެހޭތޯއެވެ. ނަސީބެއްކަމެއް ނޭނގެއެވެ. ބަލްމާގެ އަތުގައި ޖެހުނު ސުވިޗު ޖައްސާލައިފިއެވެ. ވަގުތުން މުޅި ކޮޓަރިތެރެ އަލިވެގެން ހިނގައްޖެއެވެ. އެއާއިއެކު ހިތުގެ ތެޅުން ކުރިއަށްވުރެވެސް އަވަސްވެއްޖެއެވެ. އޭނާ އެހުރީ އޭނާ އާއި ބަލްމާ ނިދާކޮޓަރީގައެވެ. އެނދަށް ބަލާލުމުން އޭނާގެ އެނދުގެ ބެޑުޝީޓުވަނީ ވަނީ ތަރުތީބު ގެއްލި ގައިމަތީ އަޅާ ރަޖާ އޮތީ އެނދުން ބޭރަށް އެއްބައި ވެއްޓިފައެވެ. ބަތީލު ވެއްޓުނީ އެނދުންކަން އެނގުނީ ދެނެވެ. އެހިނދު ތަފާތުވެގެން އުޅުނީ ކޮންކަމެއްކަން އޭނާއަށް ވަގުތުން ފާހަގަ ވެއްޖެއެވެ. ބަތީލުގެ ހަށިގަނޑުގައި އެއްވެސް ނިވާކަމެއް ނެތެވެ. ހާސްވިވަރުން މިފަހަރު އުޅެވުނީ އަވަހަށް ނިދަން ލައިގެން ހުރި އެއްޗެހި ފެނޭތޯއެވެ. އެހެންނަމަވެސް އެކަމެއްވެސް ނުވިއެވެ. އަވަހަށް އަލަމާރިން ސޯޓަކާއި ޓީޝާރޓެއް ނަގައިގެން އެލައިގެން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ނަމަވެސް އެކޮޓަރިއަށް އޭނާ އައިކަން ދާރާއަށް ފާހަގަވެދާނެ ބާއޭ ހިތަށް އަރާ އަވަސް އަވަހަށް އެލިފައި އޮތް ރަނޖާ ނަގާ އެނދުމަތީ އަޅާލަމުން ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިން ނުކުތެވެ. އެވަގުތު ނޭފަތުގައި ޖެހުނީ މީގެ ކުރިން އޭނާއަށް ދުވާފައިވާ ވަހެކެވެ. އެއްޗެއް ކުނިވެ މުޅަވެގެން އުޅޭފަދަ ވަހެކެވެ. ކަރުގޮހޮރު އެއްޗެހީގައި ހުންނަ ފަދަ ވަހެއްހެންވެސް ހީވެއެވެ. ފަހަތަށް ބަލާލުމެއްނެތި ބަތީލު އައިސް ދާރާމެންގެ ކޮޓަރިއަށް ވަދެއްޖެއެވެ. އޭނާ ނިދަން ލައިގެން އޮތް ޓީޝާރޓާ ހަރުވާޅުކޮޅު ބަތީލަށް ފެނުނީ އެކޮޓަރިންނެވެ. ތިރީތުންފަތުގައި ދަން އަޅާލެވުމާއިއެކު ޓައިލްސްތައް މަތީގައި ހުރި އެއްޗެހި ނެގުމަށްފަހު އެއަށް ހަދާނެ ގޮތަކާއިމެދު ބަތީލަށް ވިސްނާލެވުނެވެ. އެހެން ހުރި އިރު އެއްފަހަރު ދާރާ އާއި އަންބަރަށް އަނެއްފަހަރު އަތުގައި ހުރި އެއްޗެއްސަށް ބަލަން އިރުކޮޅަކު ހުރެވުނެވެ. ސިއްސައިގެން ދިޔައީ އަންބަރުގެ ފޯނު އެލާމް ވާންފެށި އަޑަށެވެ. ހަދާނެ ގޮތެއް ނޭނގިގެން ބަތީލު އަތުގައި އޮތް ހަރުވާޅު ލައިގެން ހުރި ސޯޓުގެ މަތިން ލިއެވެ. އަދި ޓީޝާރޓުވެސް ލައިގެން ހުރި ޓީޝާރޓުގެ މަތިން ލުމަށްފަހު ދުވެފައި އައިސް އެނދަށް އަރާ ގައިމަތިން ރަޖާ އަޅާލައިފިއެވެ. އެއާއިއެކު ބަތީލުގެ ދެލޯ މަރާ ތަގުޅިކޮށްލައިގެން އޮތެވެ.

“ފަތިސް ނަމާދަށް ތެދުވަން ތިއޮށް ފޯނު އެލާމްވަނީ” ދެފަހަރަކު ފުރޮޅިލީ ދާރާ، އަންބަރުގެ ގައިގާ ކޮއްޓާލަމުން ބުންޏެވެ. އަންބަރު ނިދިބަރު އަޑަކުން ހޫން ލައްވާލަމުން އަނެއްކާވެސް ނިދީގެ ތެރެއަށް ގެބިގެން ދާން މަސައްކަތް ކުރިއެވެ. ނަމަވެސް ދާރާއަކަށް ނުއޮވެވުނެވެ. އޭނާ ތެދުވުމުން އަންބަރަށްވެސް ޖެހުނީ ތެދުވާށެވެ. އޭރު އެނދުގައި ނިދާފައި ތިބި ދެބެން ފެނި ދާރާގެ ހިތަށް ހަމަޖެހުމެއް ލިބިގެންދިޔައެވެ. ފާޚާނާއަށް ވަދެފައި ނުކުން ދާރާ ތުވާލިން މޫނާއި އަތްފައި ހިތްކާލަމުން އައިސް ބަތީލަށް ގޮވިއެވެ. އޭނާ އޮތީ ހޭލާކަމެއް ދާރާއަކަށް ނޭނގެއެވެ. ކަންބޮޑުވެފައި އޮތް ބަތީލު ނިދީގެ އަސަރު ދައްކާލުމާއިއކު ނުތެދުވިއެވެ. އެންމެފަހުން ދާރާ އޭނާގެ ނަމާދު ވަގުތު ފަހަނަ އަޅާ ހިނގައިދާނޭތީވެ ނަމާދަށް އަވަސްވެގަތެވެ.

ކޮޓަރީގައި ނަމާދަށް އަރާ ހުރި ދާރާއަށް އެނދުގައި އޮތް ބަތީލު ސިއްރުން ބަލާލިއެވެ. އަދިވެސް ބަތީލު ވަނީ ހާސްކަމާއި ކަންބޮޑުވުމެއްގެ ތެރޭގައެވެ. ހުވަފެނާއި ހަޤީޤަތާއި ވަކިކުރަން ދަތިވާ ހާލެއްގައެވެ.

“މިންހާޖު” ހިތާ ހިތުން ބަތީލަށް މިންހާޖުގެ ނަން ކިޔާލެވުނެވެ. ވާނުވާ ނޭނގުމެއްގެ ތެރޭގައި އޭނާއަށް އިޙްސާސް ކުރެވުނު ހުރިހާ ކަމަކީ ހިނގައިދިޔަ ކަންކަން ކަމުގެ ނިޝާންތަކާއި އަސަރު ހަށިގަނޑުން ފާޅުވެއެވެ. ވީއިރު އެއީ ނުވާކަމެއް ކަމަށް ހަދާ، ހަމައެކަނި ހުވަފެނެކޭ ބުނެ އެކަން ދޮގު ކުރެވޭކަށްވެސް ނެތެވެ.

ހެނދުނުގެ އަވިން ބިންތަށް ދޮންކުރަމުން ދިޔައިރު ދާރާ ގޭތެރޭގެ މަސައްކަތަށް ނުކުމެއްޖެއެވެ. އެވެސް ދެކުދިންނަށް ހޭލުމަށް ގޮވާފައެވެ. އެހާ ގިނައިރު ވަންދެން ނިދަން ނުތިބުމަށް ނަސޭޙަތްތެރިވެފައެވެ. އޭރު ބަތީލު ހޭލައިގެން އައިސް އޭނާ އާއި ބަލްމާ ނިދާ ކޮޓަރިއަށް ވަދެ މަތިން މަތިން ލައިގެން ހުރި އެއްޗެހި ބަލާފައި ދާވަށިގަނޑަށް ލައިފިއެވެ. އަދި ނުކުމެ ސިޓިން ރޫމު ސޯފާގައި ޓީވީ ހުޅުވައިގެން އެބަލަން އިންކަމަށް ހެދިގެން އިނެވެ.

* * * *

ޖެހިގެން އައި ތިންރޭވެސް ބަތީލަށް ދިމާވީ ހަމަ އެއްގޮތެކެވެ. އެހެންނަމަވެސް ފުރަތަމަ މިކަމެއް ދިމާވި ރެޔާއި ޚިލާފަށް އިންސާނަކާއި ވައްތަރު ކަޅު އެއްޗެއް ނުފެނެއެވެ. ހަމަ އެކަނި ފެންނަނީ މިންހާޖެވެ. ހުންނަނީ ހަމަ އެއްގޮތަކަށެވެ. ކޮންމެ ރެއަކުވެސް ފަތިސްވަންދެން ދެމީހުން އުޅެނީ އެއްގޮތަކަށެވެ. ބަތީލަށް ހޭވެރިކަމެއްވާއިރު އޮވެވެނީ އޭނާގެ ކޮޓަރީގައެވެ. އެގޮތުން ހަތަރުވަނަރޭ އޭނާ ނިދަން ޖެހިލުންވިއެވެ. މިވަނީ އާދައިގެ ކަމެއް ނޫނޭ ހިތަށް އަރާފައެވެ. އެރޭ ބޮވުނީ ކިތަށް ތަށި ކަޅު ކޮފީކަމެއް ޚުދު ބަތީލަކަށްވެސް ނޭނގެއެވެ. ފޯނުން މިގަށްވަދެ އިން ބަތީލު ބޯދަށަށް އުސްކޮށްލައިގެން އޮވެ މީހުނާ ވާހަކަދައްކަމުން ދިޔައެވެ. ނަމަވެސް ވަގުތު ޖެހުމާއިއެކު އޭނާ ޚަބަރު ހުސްވެގެން ވެއްޓުނީއެވެ. ދެން ފެންނަންފެށީ މުޅިން ތަފާތު ތަނެކެވެ. ތަފާތު ބަޔެކެވެ. ސިފަވެސް މުޅިން ތަފާތެވެ. އިންސާނުންނާ ވައްތަރުވާން އުޅެނީ ކީއްވެކަމެއް ބަތީލަކަށް ނޭނގެއެވެ. އެހެންނަމަވެސް ކަޅުކުލަކަން ގަދަ އަނދިރި ގަނޑު ތަކެކެވެ. ނުބައި ސިފަތަކެއް ޖެހިފައިވާ ހިޔަނިތަކެކެވެ. އޭނާގެ ހަށިގަނޑަށް ދަހިވެތި ކަމާއިއެކު ބަލަމުން ދާ ކަހަލައެވެ. އެ އެއްޗެހިތަކުގެ ތެރެއިން މިންހާޖު ފާޅުވިއެވެ. މިފަހަރުވެސް ހުރީ އެހެންޏާ ހުވަފެނުން ފެންނަ ފަދަ ޚާލެއްގައެވެ. އެކަމަކު މިފަހަރު މިންހާޖު، ބަތީލަށް ބަލާލާފައ ހީނލުމުން އޭނާގެ އަނގަ ފުޅާވެގެންގޮސް ކަންފަތު ފޫޅު ގަނޑާއި ހަމައަށް އަނގަ ދެމިގެން ދިޔައެވެ. ބަތީލުގެ މޭފަޅާ ބިރުގެންފައިވާ ހިތް ނުކުންނަން ތެޅިފޮޅިގަތް ކަހަލައެވެ. ހަޅޭލަވައިގަނެވުމާއިއެކު ބަތީލު ދުއްވައިގަތެވެ. އޭނާގެ ފަހަތުން އެ އެއްޗެހި ދުވާތަނެއް ނުފެނެއެވެ. އެހެންނަމަވެސް އެ އެއްޗެހިން ތިބެނީ އެއް ދުރުމިނެއްގައެވެ. ބަދަލެއް ނާދެއެވެ.

ބާރު ހަޅޭކަކާ އެކު ބަތީލު ތެޅިފޮޅެން ފެށުމުން ދާރާ އާއި އަންބަރު އައިސް ބަތީލުގެ ގައިގާ ހިފަހައްޓާ ގޮވަންފެށިއެވެ. އޭނާ މައިތިރު ކުރެވޭ ގޮތެއް ނުވިއެވެ. އޭރު ބަލްމާ ކޮޓަރީގެ ކަނެއްގައި ބާލީހެއްގައި ބައްދާލައިގެން ފެންކަޅިވެފައި ހުއްޓެވެ. އޭނާވެސް ބިރުންގޮސް އަތްފައިގައި މަޑު ތުރުތުރެއް އުފެދިފައި ހުއްޓެވެ. ދާރާއަށް ހަދާނޭ ގޮތެއް ނޭނގިގެން ކޮޓަރީގައި ޤުރުއާން ޖަހާފައި ހުރި ރޭޑިއޯގެ އަޑު ބާރުކޮށްލިއެވެ. ނުވިތާކަށް އަވަހަށް ފާޚާނާއަށް ވަދެ ވުޟޫކޮށްލައިގެން ނުކުތެވެ. އަދި ބަތީލުގެ ގައިގާ ބާރަށް ބައްދައިގަތެވެ. އަންބަރުވެސް ދިޔައީ ދާރާ ފަދައިން ވުޟޫކޮށްލައިގެން އަވަހަށް އަންނާށެވެ. އަންބަރު އައިސް ދާރާގެ ގާތުގައި މަޑުކޮށްލަން އުޅެނިކޮށް ކުއްލިއަކަށް ގެއިން ކަރަންޓު ގޮއްސިއެވެ. އެއާއިއެކު ދާރާގެ އަތުގެ ތެރޭން ބަތީލު ނެއްޓި އެނދުން މައްޗަށް ބަތީލުގެ ހަށިގަނޑު އުފުލި އުފުލިފައި އައިސް އެނދުމަތީ ޖެހެންފެށިއެވެ. ކަރަންޓު ދިއުމާއިއެކު ބަލްމާވެސް އަޑުގެ ނެތްތަނަށް ހަޅޭލަވައިގަނެއްޖެއެވެ. ހާސްވެގެންގޮސް ދާރާއަށް ހަދާނެގޮތް ހުސްވިކަހަލައެވެ.

“އަންބަރު، ބަތީލު” ދާރާއަށް ނިކަން ބާރަށް ބުނެވުނެވެ. އެވަގުތު އަންބަރުގެ ގައިގާ ބަލްމާ އައިސް ޖެހުނެވެ. އެއާއިއެކު ދަރިފުޅުގެ އަތުގައި ހިފާ ގަޔާ ކައިރިކޮށްލުމާއިއެކު ވާހަކަދައްކަން ފެށިއެވެ.

“ދާރާ، އަހަރެންގެ ގާތުގައި މިހިރީ ބަލްމާ، ގޮދަޑިމަތީގައި އޮންނާނެ މަގޭ ފޯނު ނިކަން އެނަގާ އަލިކޮށްލަބަލަ، އަހަރެން ބަތީލު ހިފެހެއްޓޭތޯ މިބަލަނީ، އަވަސްކޮށްލާ” އަންބަރު ބުންޏެވެ.

ދާރާ ހިތުލަފަޔަށް ގޮދަޑިމަތީގައި އަތްހާކަމުން ގޮސް ފޯނުގައި އަތްޖެހިއްޖެއެވެ. އެއާއިއެކު އަވަހަށް ފޯނު ހިފައިގެން އައިސް އަންބަރުގެ އަތަށް ދިއްކޮށްލެވުނީ އެއާއި ކުޅެން އޭނާއަށް ނޭނގޭތީއެވެ. އަނދިރީގެ ތެރޭގައި އަންބަރު ދިއްކޮށްގެން ހުރި އަތުގައި ދާރާގެ އަތްޖެހުމާއިއެކު އެއަތުގައި އޮތް ފޯނު ނަގާފައި އަލިކޮށްލިއެވެ.

“ބަލްމާ، ދަރިފުޅު އާދެބަލަ މަންމަ އާއިއެކު ސިޓިން ރޫމަށް، ކަބަޑެއްގައި އުއްބަތި ފޮއްޓެއް އޮންނާނެހެން ހީވަނީ، އަންބަރު، ތިމަންޖެ ގައިގާ ބާރަށް ހިފަހައްޓައްޗޭ، ކަރަންޓުވެސް ހަމަ މިވަގުތު ދާން އެނގުނީ، ރޭޑިއޯ ގަނޑުވެސް އެނިވުނީ، މީ ކޮންފަދަ ކަންތައްގަނޑެއްތަ” ދާރާ ހާސްވެފައި ހުރި ވަރުން ބުނެވުނެވެ. ބަލްމާ އަވަހަށް ދާރާ އާއިއެކު ދިޔައެވެ. އެމީހުން އެނބުރި ކޮޓަރިއަށް އައީ ސިޓިން ރޫމުގެ އެކިތަންތަންކޮޅުގައި އުއްބަތިތައް ރޯކޮށްފައި ބަހައްޓާފައެވެ. ގޭތެރެއަށް މަޑު އޮރެންޖު ކުލައެއް ފެތުރިފައި ވެއެވެ. ބިރުން ހުރި ބަލްމާ އޭނާއަށް ވަކިން ރޯކޮށްފައި ހުރި އުއްބަތިއެއް ހިފައިގެން ވަށައިގެން ނަޒަރު ހިންގަމުން ދާރާ އާއިއެކު އައިސް ކޮޓަރިއަށް ވަނެވެ. ދާރާ އޭނާގެ އަތުގައި އޮތް ދެ އުއްބަތި ރޯކޮށްލާފައި މުޅި ކޮޓަރިއަށް އަލިވާނޭފަދަ ހިސާބެއްގައި އެ ދެއުއްބައްތި ހަރުކޮށްލިއެވެ.

ސުލައިމާނަށް ގުޅަން ދާރާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް ވަގުތުގެ ގޮތުން އޭނާ އޮންނާނީ ނިދާފައިކަން އެނގޭތީ ދާރާއަށް ގުޅަން ނުކެރުނީއެވެ. ކޮންމެ ޚާލެއްގައިނަމަވެސް ހެނދުނުވަންދެން ބަތީލު ކޮންޓްރޯލު ކުރެވޭތޯ މަސައްކަތް ކުރުން ނޫންގޮތެއް އެމީހުންނަށް ނެތެވެ. އެހެންވެ ދާރާއަށް އެނގޭ ހެޔޮ އެއްޗެއްވެއްޖެއްޔާ ކިޔަމުން ދިޔައެވެ. އަންބަރު އޭނާގެ ފޯނަށް އަޅާފައި ހުރި ޤުރުއާން ޖަހަފާއި އެނދުމަތީ ފޯނު ބޭއްވިއެވެ. ވަށައިގެން ހޯދާލަ ހޯދާލަ ހުރި ފަދަ ގޮތަކަށް ބަލްމާ އެމީހުންގެގާތުގައި ހުއްޓެވެ. ދެން އިވެންފެށީ ގޭގެ ކުޑަދޮރު ތަކުގެ ބިއްލޫރުތައް ތަޅައިގެން ދިޔަ ފަދަ އަޑުފަށްގަނޑެކެވެ. އެންމެންވެސް ދިޔައީ ސިއްސައިގެންނެވެ. ދާރާމެން ތިބި ކޮޓަރީގެ ކުޑަދޮރުގައި ގައު ކޮޅަކުން ޖަހާފަދަ އަޑެއް މެދުކެނޑުމެއްނެތި އިވެމުންދިޔައެވެ. އެހެންނަމަވެސް ދޮރުފޮތިގަނޑު ދަމާފައި ހުރުމުން އެތަނަކުން އެއްވެސް އެއްޗެއް ނުފެނެއެވެ. ސިހި ސިހި ތިބި އަންބަރާއި ދާރާ ވަރަށް ހިތްވަރު ކުރަމުންދިޔައެވެ. ގާތުގައި ތިބި ދެކުދިންނަށްޓަކައެވެ.

ސުލައިމާނު އައިރޭ ކަންތައް ހިނގާދިޔަ ގޮތުން ދާރާ ހުރީ ވަރަށް ފޫހިވެފައެވެ. ފަހުން ސުލައިމާނަށް ނުގުޅުނީވެސް އެހެންވެއެވެ. އެކަމަކު މިހާރު ކަންތައްތައް މިވާގޮތުން އޭނާ ފަދަ މީހަކަށް ނުގުޅައެއްވެސް ވާކަށްދެނެއް ނޯންނާނެތާއެވެ. ދާރާގެ މޫނުމައްޗަށް އިތުރު ހައިރާންކަމެއް ގެނުވީ ކުއްލިއަކަށް ފުއްޕަންފެށި ބަތީލުގެ ބަނޑު ފެނުމުންނެވެ. ބަތީލުގެ މޭމައްޗަށް ވުރެ ބޮޑަށް ބަނޑު ފުއްޕާލާފައި އޮތްއިރު ބަތީލުގެ ނަޒަރު ހުރީ ކުޑަދޮރާއި ދިމާލަށް ހުއްޓާލެވިފައެވެ. އޭނާ އަތްދިއްކުރަމުން ދިޔައީވެސް އެދިމާލަށެވެ.

ފަތިސް ވަންދެން މިސަކަރާތުގައި ޢާއިލާ އުޅުމަށްފަހު އަރައިގެން އައި އިރާއިއެކު ދާރާ އަވަހަށް ސުލައިމާނަށް ގުޅިއެވެ. ކަންބޮޑުވުމާއިއެކު ރޭގައި ހިނގައިދިޔަ ކަންކަން ސުލައިމާނަށް ވަރަށް ރަނގަޅަށް ކިޔައިދީފިއެވެ.

“ދައްތާ، އަހަރެން ދާނަން އަސުރުން ފައިބައިގެން، އޭގެ ކުރިން ކަމެއްވަންޏާ އަހަންނަށް ގުޅާލާ، މިއުޅެނީ ދޯނީގެ ކަންތަކުގަ” ސުލައިމާނު ބުންޏެވެ.

ހޭވެރިކަމެއްވީއިރު ބަތީލަށް އޭނާއަށް ވީ އެއްވެސް ގޮތެއް ހަނދާނެއްނެތެވެ. އޭނާއަށް ނުބައި ހުވަފެނެއްގައި އުޅުމަށްފަހު ހޭލެވުނު ކަހަލައެވެ. ލޯހުޅުވާލެވުމާއިއެކު އެންމެ ފުރަތަމަވެސް ބަތީލުގެ ލޮލުގައި އަޅައިގަތީ މަތީގައި އެނބުރެމުން ދިޔަ ފަންކާއެވެ. އޭގެ ފަހުގައި ދާރާމެންގެ ގޮދަޑީގައި އިށީނދެލައިގެން އިން ބަލްމާއެވެ.

“ކޮންވައްތަރަކަށް ބަލަހައްޓައިގެން ތިއިންނަނީ، ހީވަނީ ބިރުވެރި އެއްޗެއްހެން” ބަލްމާ އިން ގޮތް ފެނި ސިހިގެން ދިޔަ ބަތީލު ބުންޏެވެ.

“އަދިވެސް މަތަ ބިރުވެރި އެއްޗެއްހެން ހީވަނީ، ބައްތު ރޭގައި އުޅުނު ގޮތެއް ނޭނގޭތަ” ބަލްމާ މިހެން ބުނުމާއިއެކު ބަތީލު ހާސްވިއެވެ. އަވަސް އަވަހަށް ތެދުވެ އެނދުގައި އިށީނެވެ. އޭނާއަށް ހީވީ މުޅިން އެހެން އެއްޗެކެވެ. ކޮންމެރެއަކު މިންހާޖު ފެނުމާއި ހޭލެވޭއިރު މީހާގެ ގައިގާ އެއްވެސް ނިވާކަމެއް ނޯތުމާއި، މިކަމާއި ގުޅުން ހުރި ކަމެއް ހިނގީ ކަމަށެވެ. އެއާއިއެކު ބަތީލަށް ބަލާލެވުނީ އޭނާ ލައިގެން ހުރި އެއްޗެއްސަށެވެ. ހެދުން ބަދަލެއް ނުވެއެވެ. އެކަމަކު ވަރަށް އާދަޔާއި ޚިލާފަށް އޭނާގެ ގައިގާ ރިއްސައެވެ. އެހެންނަމަވެސް މާބޮޑުކަމަކަށް އެކަން ނުހަދާ އޭނާ ތެދުވެ ތުވާލި ހިފައިގެން ފާޚާނާއަށް ވަނެވެ.

އަސުރުން ފައިބައިގެން އަންނާނަމޭ ބުނި ސުލައިމާނަށް އާދެވުނީ ހަވީރު ފަހެއްވެސް ޖެހިފަހުންނެވެ. އޭނާ އައިސް މޮޅު ވާހަކައެއް ދައްކަން ފެށުމާއިއެކު ދާރާ އެކަން ވަގުތުން މަނާ ކުރިއެވެ. އެއާއިއެކު ދާރާ ހުރީ ވަރަށް ކަންބޮޑުވެފައިކަން ސުލައިމާނަށްވެސް އެނގިގެންދިޔައެވެ.

“އަހަރެން ވަރަށް ކަންބޮޑުވެ ހަދާނެގޮތް ހުސްވެގެން ސުލައިމާނަށް މިގުޅީ، އާދޭސްކޮށްފަ މިބުނީ، މިކަމުން އަހަރުމެން ސަލާމަތްކޮށްދީބަލަ” ދާރާ އާދޭހުގެ ރާގެއްގައި ސުލައިމާނު ގާތުން އެދުނެވެ.

“ކޮންއިރަކުތަ މިކަމެއް ފެށުނީ، ކޮބާތަ އެކުދިން، ބުނެބަލަ މިފަރާތަށް އައިސް ބަލާށޭ” ސުލައިމާނު ސަމާލުކަން ދާރާގެ ވާހަކައަށް ދެމުން ބުނެލިއެވެ. ދާރާ ހުރިތާ ހުރެފައި ނިކަން ބާރަށް ބަލްމާ އަށާއި ބަތީލަށް ގޮވާލިއެވެ. އޭރު އަންބަރު ގޭގައި ނެތެވެ. އޭނާ ދިޔައީ ގެއަށް ޖެނެރޭޓަރެއް ލިބޭތޯއެވެ. ގޭގެ ޚާލަތު ގޯސްވެފައި ވާއިރު ކަރަންޓު ދިއުމަކީ އަންބަރުވެސް ބޭނުންވާ ގޮތެއް ނޫނެވެ. އެހެންވެ ކަރަންޓު ނެތްވަގުތެއްގައި ބޭނުންކުރާނޭ އެއްޗެއް ހުރުމަކީ އެންމެ ބުއްދިވެރި ގޮތްކަމުގައި އަންބަރު ދެކުނެވެ. އެހެންނަމަވެސް ބަލާލަން ހަނދާންނެތުނު ކަމަކީ ރޭގައި ކަރަންޓު ދިޔައީ ކިހިނެއްވެގެން ކަމެވެ. ވިއްސާރައެއްވެސް ނޫނެވެ. އާދަޔާއި ޚިލާފަށް ވައިބާރެއްވެސް ނުވެއެވެ.

“ހާދަ ބޮޑުވެއްޖެއޭ ދޯ، މިދެމީހުންގެ މެދުގަ ހަގެއް ދޮޓެއްވެސް ނޭނގޭނެ” ސުލައިމާނު، ބަލްމާ އާއި ބަތީލަށް ބަލާލަމުން ބުނެލިއެވެ.

“ދޮށީ ބަލްމާ، މިހިރީ ބަތީލު، އެއީ މިގޭ އެންމެ ހަގު، ސުލައިމާނު، ބަލްމާއަށްވެސް މިކަހަލަ ކަމެއް ދިމާވެގެން އޭނާ ރަނގަޅުކޮށްފައި އެހެރީ ނިޒާރުބެ، އަދި އިރާދަކުރެއްވިއްޔާ އޭނާއަށް އެއްވެސް އުނދަގުލެއް ނުވޭ، އެކަމަކު ބަތީލު ރަނގަޅަށް ހުރީ، ހަމަ ކުއްލިއަކަށް ރޭގަ އޭނާ ސަކަރާތްވީ، އަޅެ މިވާ ގޮތެއް ބަލާދީބަލަ، މީ ކިހިނެއްވެގެން ދިމާވެގެން އުޅޭކަމެއްތޯވެސް އަހަރެން ބޭނުން ބަލަން”  ދާރާ ކާމޭޒު ދޮށުން ގޮނޑިއެއް ހިފައިގެން އައިސް ސުލައިމާނާ ކުރިމަތިވާނޭހެން އިށިންނަމުން ބުންޏެވެ. އަދި ބަލްމާ އާއި ބަތީލަށް ސުލައިމާނު ގާތު މަޑުކޮށްލުމަށް ބުނުމުން އެމީހުން ވަކިން ހުރި ސޯފާ ދެގޮނޑީގައި އިށީނދެއްޖެއެވެ.

“ދައްކަބަލަ އަތް، ތެދެއް ކިހިނެއްތަ ވަނީ ކޮއްކޮއަށް” ސުލައިމާނު އޭނާގެ ޖީބުގައި އޮތް ކުޑަކުޑަ އައިނު ލޮލުގައި އަޅާލުމާއިއެކު ބަލްމާ ދިއްކޮށްލި އަތުގައި ހިފިއެވެ. އަދި ނިކަން ރަނގަޅަށް އެ އަތްތިލައިގެ ހުދުފުށުގެ ނާރުތައް ބަލަން ފެށިއެވެ. މަޑުމަޑުން ހޫނއެއް ލައްވާލާފައި ބަލްމާގެ އަތުން ދޫކޮށްލިއެވެ.

“ކޮއްކޮގެ އަތް ދައްކަބަލަ، ދައްތާ، މީނާ ހީވަނީ އަހަރުމެންގޭ ކުއްޖެއްހެން ދޯ، އަހަރެންގެ ޢައިނާ އާއި ހާދަ ވައްތަރޭ” ސުލައިމާނު ބަތީލަށް ބުންޏެވެ. އަދި ބަލްމާގެ އަތްބެލި ގޮތަށް ބަތީލުގެ އަތްވެސް އޭނާ ބަލައިފިއެވެ.

“ދޭބަލަ ބޭބެއަށް ކަރުދާސްކޮޅަކާ ގަލަމަކާ ގެނެސްދޭން” ސުލައިމާނު، ބަތީލުގެ އަތްބަލައި ނިމިގެން އޭނާއަށް ބުންޏެވެ.

ނިކަން އަވަހަށް ބަތީލު އެތެރެއަށް ވަދެގެން ގޮސްފައި އެނބުރި އައީ ނޯޓު ކުރާ ފޮތަކާއި ގަލަމެއް ހިފައިގެންނެވެ. އެ އެއްޗެހި ސުލައިމާނަށް ދިއްކޮށްލުމާއިއެކު އޭނާ އޭގައި އެއްޗެހިތަކެއް ލިޔަން ފެށިއެވެ. އަދި ދާރާގެ ކައިރިން ކުދިންގެ ފުރިހަމަ ނަން އޮޅުން ފިލުވިއެވެ.

“ދައްތާ، މިފަރާތް ހުސްކޮށް ބަހައްޓާލަދީ، އަހަރެން ބުނަންދެން އެހަށް މިކޮޅަށް ނައިސް މަޑުކޮށްލާ، މިކުދިން އެތެރެއަށް ފޮނުވާލާ” ސުލައިމާނު، އޭނާގެ ކުރިމަތިން ވައަތް ފަރާތަށް އިށާރަތްކޮށްލަމުން ބުންޏެވެ. އެއާއިއެކު ބަތީލާއި ބަލްމާ ތެދުވެގެން އެތެރެއަށް ހިނގައިގަނެއްޖެއެވެ. ދަރާވެސް ސުލައިމާނުގެ ކުރިމަތިން ތެދުވެގެން އައިސް އެއްފަރާތެއްގައި އިށީނދެއްޖެއެވެ. ދެންވެސް ސުލައިމާނު އޭނާގެ އަތުގައި އޮތް ފޮތުގައި އެއްޗެހި ތަކެއް ލިޔަމުން ތުންތަޅުވަމުންދިޔައެވެ. އެގޮތަށް ކަންތައް ކުރަން ފެށިތާ ގިނައިރެއް ނުވެ އޭނާ ބޯޖަހާލައިފިއެވެ. ކާކަށް ކަމެއް ނޭނގެއެވެ. އޭގެ ފަހުން އޭނާގެ ހަރަކާތްތައް ހުރި ގޮތުން ހީވަނީ ކޮންމެވެސް މީހަކާ އޭނާ ވާހަކަދައްކަނީ ހެންނެވެ. ދާރާ ވަރަށް ރަނގަޅަށް ސުލައިމާނަށް ބަލަމުން ދިޔައެއް ކަމަކު އޭނާ ކުރާކަމެއް ޚުދު ދާރާއަށްވެސް ފަހުމްވާގޮތެއް ނުވެއެވެ. އެތަނުގައި ނުފެންނަ މީހަކު ހުރީބާއޭ ދާރާގެ ހިތަށް އެރިއެވެ.

“މަންމާ، މަންމާ… ބައްތުއަށް ގޮތެއްވެފަ ހުރީ” ކުއްލިއަކަށް އެތެރޭން ދުވެފައި ކަހަލަ ގޮތަކަށް ނިކުން ބަލްމާގެ ކަންބޮޑުވެފައި ހުރި އަޑު ދާރާގެ ކަންފަތުގައި ޖެހުމާއިއެކު ފުންމައިގެން ތެދުވެވުނެވެ.

“ދައްތަ ގޮސް އެމަންޖެ ހިފަހައްޓާ، ކޮބާ ޅިޔަނު، އަހަރެން މިދަނީ” އަޅައިގެން އިން އައިނު ނަގަމުން ސުލައިމާނު މިހެން ބުނީ ދާރާ ސުވާލުގެ ނަޒަރަކުން ބަލާލުމުންނެވެ. އިތުރަށް މަޑުކުރުމެއްނެތި ދާރާ އަވަސް ހިނގުމުގައި އައިސް ބަތީލާއި ބަލްމާ ނިދާ ކޮޓަރިއަށް ވަނެވެ.

“ބަތީލު، ދަރިފުޅާ، ކިހިނެއްވެފަ ތިހުރީ” ހައިރާންވެފައި ދާރާ އަށް އަހާލެވުނެވެ. އޭނާ ހައިރާންވާންޖެހުނީ ބަތީލު ކޮޓަރީގެ ކަނެއްގައި މަޑުކޮށްލައިގެން ފާޑަކަށް ހުރުމުންނެވެ.

“މަންމާ، ބައްތު އެނދުގައި އޮވެފައި ކުއްލިއަކަށް ތެދުވީ، ކިހިނެއްވީހޭ އަހަ އަހާ އަނގައިންނެއް ނުބުނި، ފާޑަކަށްގޮސް އެތާނގައި ހުއްޓުނު ގޮތަށް އެހުންނަނީ” ބަލްމާ ކަންބޮޑުވެފައި ހުރެ ދާރާއަށް ކިޔައިދިނެވެ. އޭނާ ހުރީ ކޮޓަރީގެ ދޮރުމަތީގައެވެ. އެތެރެއަށް ވަންނަން ނުކެރިގެންނެވެ.

“ބަތީލު، ދަރިފުޅު އައިސްބަލަ މިކޮޅަށް، މަންމަ އެންނު މިބުނަނީ، ދެން ރީތިކޮށް އަވަހަށް އާދޭ” ދާރާ ވާހަކަދެއްކީ މަޑުމައިތިރި ކަމާއި ލޯތްބާއިއެކުއެވެ. އެހެންނަމަވެސް ދާރާ ވަކިވަރަކަށް ބަތީލާއި ގާތްވާއިރަށް އޭނާ ނުބައި އަޑަކުން ހަޅޭލަވައިގަނެއްޖެއެވެ. ދާރާވެސް ސިއްސައިގެން ގޮސް މީހާއަށް ހުއްޓުން އެރިއެވެ.

“އަތްނުލާތި، ނާންނާތި” ބަތީލު ބާރު ބާރަށް ބުނަންފެށިއެވެ. މިކަމާ ކަންބޮޑުވި ދާރާއަށް ދެން ހަދާނީ ކިހިނެއްކަމެއް ނޭނގުނެވެ. އެހެންނަމަވެސް ހިތްވަރުކޮށްފައި ދަރިފުޅާއި ވާހަކަދެއްކޭތޯ އޭނާ މަސައްކަތް ކުރިއެވެ.

“ދަރިފުޅާ، ބަތީލު، އަޑުއަހާބަލަ، މީ މަންމަ އެންނު، ކީއްވެތަ ދަރިފުޅު ގާތަށް ނުދާންވީ، ތީ މި މަންމަގެ ދަރިފުޅެންނު، މަންމަ ބުނީމަ ބަސްއަހާބަލަ، އަޑުގަދަ ނުކޮށް ހިނގާ މަންމަ އާއިއެކު މިކޮޓަރިން ބޭރަށް، ދަރިފުޅާ….” ދާރާ ވާހަކަދައްކަމުން ކުރިއަށް ފިޔަވަޅެއް އަޅަން ފައި ހިއްލާލުމާއިއެކު ކުރިއަށްވުރެ ބާރަށް ބަތީލު ހަޅޭލަވައިގަތެވެ.

“މަމީ ކަލޭގެ ދަރިއެއް ނޫން” ބަދަލުވެފައި ހުރި އަޑަކުން ބަތީލު ދެލޯ އަޅާލަމުން ދާރާ އާއި ދިމާލަށް ހަޅޭލަވައިގަތެވެ. ބަތީލު ބަލަނީ ފާޑަކަށްކަން ދާރާއަށް އެވަގުތު ފާހަގަވިއެވެ. ސީދާ ސީދާ ނުބަލައެވެ. ގިނައިރު ވަންދެން އިސްއުފުލައިގެންވެސް ނުހުރެއެވެ. ހަދާނެ ގޮތެއް ނޭނގި ކަންބޮޑުވުންތެރޭގައި ދާރާ ހުއްޓައި ކުއްލިއަކަށް ފަހަތުން ސުލައިމާނުގެ އަޑުއިވުނެވެ.

“ކޮއްކޯ، ހިނގާ ބޭބެ އާއިއެކު” ސުލައިމާނު ކޮޓަރިއަށް ވަދެ ލޮލުގެ އިޝާރާތުން ދާރާއަށް އެހަށް ދުރުގައި މަޑުކޮށްލުމަށް ބުނަމުން ބަތީލުގެ ކުރިމައްޗަށް ހުއްޓުނެވެ.

“ނުދާނަން…” ބަތީލު އަޑު ހަރުކޮށް ބުނެލިއެވެ. ސުލައިމާނު އިތުރަށް އެއްޗެކޭ ނުބުނެއެވެ. ހުރި ފިޔަވަޅުމަތީ މަޑުކޮށްލައިގެން ހުރެ ތުންތަޅުވަން ފަށައިފިއެވެ. ގިނައިރެއްނުވެ ބަތީލުގެ ރުޅިގަނޑު ހީވީ ހައްދުފަހަނަ އަޅައި ހިނގައިދާނެ ހެންނެވެ. ބަތީލު ކޮޓަރިން ނުކުންނަން ދުއްވައިގަތް ވަގުތު ސުލައިމާނު ބަތީލުގެ އަތުގައި ހިފުމާއިއެކު އޭނާއަށް ހުއްޓުން އަރައިފިއެވެ. އޭރުވެސް ސުލައިމާނު އަނގައިންނުބުނެ ހުރެ އެކިޔަވާއެއްޗެއް ކިޔަވަނީއެވެ. އޭނާ ނޫން މީހަކަށް އެކިޔަވާއެއްޗެއްގެ އަޑެއް ނީވެއެވެ. ކުއްލިއަކަށް ސުލައިމާނު، ދާރާއަށް އިޝާރާތްކޮށްލީ ބަތީލު ގާތަށް އައުމަށެވެ. ހަމައެވަގުތު ބަތީލު އަރިއަޅާލައިފިއެވެ. ދާރާ އަވަސް އަވަހަށް ދަރިފުޅު ވެއްޓުމުގެ ކުރިން އަތުލަފިކޮށްލައިފިއެވެ. އެހިނދު ސުލައިމާނު ބަތީލުގެ އަތުގައި ހިފެހެއްޓިފައި ހުރި ހިސާބުން ތިރިއަށް އިނގިލިތަކުގެ ކޮޅުން ލާފައި އަތް ހާކަމުން ގެނެސް ކޮޓަރިން ބޭރަށް ވާގޮތަށް ފޮޅާލިއެވެ.

“ދައްތާ އެމަންޖެ އެހަށް އެނދުގައި ބާއްވާލާ، މިހާރު ހުންނާނީ ވަރަށް ވަރުބަލިވެފަ، ކޮއްކޮ ތިހިރީ ބިރުން ދޯ، އެއީ އެވަރު ކަމެއް ނޫނޭ، ދޮރުމަތީ ނުހުރެ އާދެބަލަ” ސުލައިމާނު، ދާރާއަށް ބުނަންވީ އެއްޗެއް ބުނެފައި އެނބުރިލި އިރު ދޮރުމަތީ ހުރި ބަލްމާ ފެނުމުން އޭނާ ހުރީ ބިރުންކަން އެނގުނެވެ. ސުލައިމާނު އޭނާގެ އަމިއްލަ ވާހަކަތަކުން ގޭތެރެއަށް ވެރިވެފައި އޮތް ހާސްކަން ފިލުވާލަން މަސައްކަތް ކުރިއެވެ.

މަޤްރިބު ނަމާދަށް ބަންގި ގޮވި އިރުވެސް އަންބަރު ގެއަކަށް ނާދެއެވެ. ދާރާ އެކަމާވެސް ކަންބޮޑުވިއެވެ. ދެތިން ފަހަރަކު އަންބަރުގެ ފޯނަށް ގުޅާވެސް ލެވުނެވެ. ދާރާގެ ހާސްކަން އިތުރުވެގެން ދިޔައީ އަންބަރުގެ ފޯނު ވަނީ ނިއްވާލާފައި ކަމަށް ބުނާތީއެވެ. އަންބަރަކީ ފޯނު ނިއްވާލާ މީހެއް ނޫންކަން ދާރާއަށް ރަނގަޅަށް އެނގޭތީ އާއިއެކު، އަންބަރަށް ދެރަކަމެއް ދިމާވީ ކަމުގެ ބިރު ހިތާ ސިކުނޑީގައި އުފެދުނީ ވަރަށްވެސް ބޮޑަށެވެ. ދެކުދިން ގޮވައިގެން އެކަނިމާ އެކަނި ގޭގައި ހުންނަންވީމާ އޭނާވެސް ބިރުގަންނަން ފަށައިފިއެވެ.

“ޅިޔަނަށް ގުޅާބަލަ ކޮބާތޯ، އަހަރެން މި ނިކުންނަނީ މިސްކިތަށް ދާން، އެތަނުން ފަހަރެއްގަ ޅިޔަނާ ދިމާވެދާނެ، ފެނުނިއްޔާ ގޮވައިގެން ގެއަށް އަންނާނީ” ސުލައިމާނު ހީނލާފައި ބުންޏެވެ.

“އަންބަރުގެ ފޯނު ނިވުނީހެން ހީވަނީ، ބުނަނީ ނިއްވާލާފައި އޮތް ކަމަށް، ސުލައިމާނު ނެތިސް ކަމެއް ދިމާވެއްޖެނަމަ ދެން ދައްތަ ހަދާނީ ކިހިނެއް” ދާރާ ކަންބޮޑުވިވަރުން ބުނެވުނެވެ.

“އިރާދަކުރެއްވިއްޔާ އެހެނެއްނުވާނެ، މިގޭ ކައިރީ މިސްކިތަށް މިދަނީ، ވަރަށް އަވަހަށް އަންނާނަން” ސުލައިމާނު މިހެން ބުނުމުން ދާރާވެސް ހިތްހަމަޖައްސާލަން މަސައްކަތް ކުރިއެވެ. އަދި ސުލައިމާނު ނުކުމެގެން ދިއުމާއިއެކު ދެކުދިން ގޮވައިގެން ކޮޓަރިއަށް ވަދެ އެނދުގައި އެކުދިން ބައިތިއްބާފައި ނަމާދަށް އަރަން ތައްޔާރުވެލިއެވެ. ކޮޓަރީގައި މެދުކެނޑުމެއްނެތި ރެޑިއޯ އިން ޤުރުއާން ކިޔަވާ އަޑު އިވެމުން ދެއެވެ.

“ހައު އަރ ޔޫ ފީލިންގް” ބަތީލުގެ ފޯނަށް އައި މެސެޖު އޭނާ ކިޔާލިއެވެ. އެއީ މިންހާޖުގެ މެސެޖެކެވެ. އޭނާ ވަނީ މިންހާޖު ގާތު ބަލިވެ އުޅޭ ވާހަކަ ބުނެފައެވެ. އެ މެސެޖަށް ބަތީލަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް އަނެއްކާވެސް މެސެޖެއް އަތުވެއްޖެއެވެ. މިފަހަރު ލިޔެފައި އޮތީ ބަތީލުގެ ޚަބަރެއް ނުވާ ވާހަކައެވެ. އެހާވެސް ބަލީތޯ ސުވާލުކޮށްފައި އޮތެވެ. އެހެންނަމަވެސް ވަރުބަލި ކަމާއިއެކު ބަތީލު ޖަވާބު ދޭހިތެއް ނުވިއެވެ. އެހެންވެ ފޯނަށް މެސެޖެއް އަޔަސް ނޫނީ ކޯލެއް އަޔަސް އަޑުނީވޭ ގޮތަށް ހަދާލާފައި ފޯނު ބާލީސް ދަށަށް ލިއެވެ. އަދި ވިސްނަން ފެށިއެވެ. އޭނާއަށް މި ދިމާވަނީ ކޮންކަމެއް ބާއެވެ.

ދާރާ ނަމާދުން އަވަދިވުމާއިއެކު މުއްސަލަ މަތީ ޤުރުއާން ކިޔަވަން އިނެވެ. ދޭތެރެއަކުން ކުދިންނަށް ކަޅިއެއް އެއްލައެވެ. ބަތީލު ހުއްޓުން އަރާފައި އިރުކޮޅަކު އޮވެއްޖެނަމަ އޭނާއަށް ގޮވާލައެވެ. ދާރާ އަށް ބަތީލުގެ ފަރާތުން ޖަވާބެއް އައުމުން ހިތަށް ފިނިކަމެއްވެސް ލިބިގެންދެއެވެ. އޭނާ ކިޔަވަން އިނދެފައި ތެދުވީ ސިޓިން ރޫމު ދޮރު ލެއްޕިއަޑު އިވިގެންނެވެ. އަވަސް އަވަހަށް ތެދުވެގެން އައިސް ސިޓިން ރޫމު ބަލާލިއެވެ. އޭރު ސުލައިމާނާއިއެކު އަންބަރު ގޭތެރެއަށް ވަނީއެވެ.

“އެއްކަލަ ދައްތަ ބިރުން އެހެރީ، ސާބަސް، މިއައީ ޅިޔަނު މަގުމަތި އަޅައިގެން އުޅެނިކޮށް ގޮވައިގެން” ސުލައިމާނު ކަންބޮޑުކޮށްލާފައި ބުންޏެވެ. އެއާއިއެކު ދާރާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

“އެއީ ދޮގެއް، ސުލައިމާނު، ދާރާ ބިރުގަންނުވަން އުޅޭނެކަމެއްނެތް” އަންބަރު ހީނލާފައި ބުންޏެވެ.

“ހެ ހެ ހެ… ދައްތަ އެހެރީ އަހަރެން އެހެންބުނީމަ ގަބޫލުކޮށްލައިގެން ދޯ، ދައްތާ، އާދޭބަލަ އެކުދިންނަށް ވެގެން އުޅޭގޮތް ކިޔައިދޭނަން” ސުލައިމާނު ސޯފާގައި އިށީންނަމުން ބުންޏެވެ. އެއާއިއެކު ދާރާ ހިނގައިގަތީ ކޮޓަރި އާއި ދިމާލަށެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *