“ކިހިނެއްބާވީ؟، ތިދެކުދިންގެ ދެމެދު ދެބަސްވުމެއް ހިނގިތަ، ނޫނީ ރޭގައި ޑިފީ ތަފާތު ވާހަކައެއްދެއްކިތަ، ފަހަރެއްގައި ހުރެދާނެ ރުޅި ގަދަވެގެން ގެއަށް ނާންނަންވެގެން ވެސް، އެހެންވެއްޖެއްޔާ ދެން އަންނާނީ އިރުއޮއްސޭފަހުން” އަސްމަހާނު ވިސްނާލިއެވެ. އޭނާއަށް ޝަދަފުގެ ގޮތް އެނގޭތީއެވެ. ހަނދާންނެތުނެއްކަމަކު ޝަދަފުގެ ރުޅިގަނޑަކީ އެކުއްޖާގެ ހަނދާނުން ފިލައިގެން ދިޔަކަމެއްނޫނެވެ. އެހާ ގޮތްދޫނުކުރެއެވެ. މިހާދުވަހުވެސް އެމީހުންނަށް ޝަދަފު ދިރިއުޅުން ކޮންޓްރޯލު ކުރެވުނީ މިންވަރުކުރެއްވި ނަސީބަކުންނޭ ބުނުނުން ދޮގެއްނުވާނެއެވެ. ހަޔާތުގެ ބޮޑުބައެއްގެ މަތިން ޝަދަފު ހަނދާންނެތުނީތީއެވެ. އެކަމަކުގެ ސަބަބުން އޭނާގެ ޠަބީޢަތަށް ބަދަލު އައީތީއެވެ.
“ވަރަށް ހަމަޖެހިފައި ހުރީ، އެކަމަކު ބޮލުގައި ރިއްސާވާހަކަ ބުނި، އަޅުގަނޑު ގާތު އެއްބަސްވި ދެމީހުން އެކުގައި ޑޮކްޓަރަށް ދައްކަން ދާނީކަމަށް، ފަހަކަށް އައިސް ޑިފީގެ އެބޮލުގައި ރިހޭލެއް ގިނަކަން އަޅުގަނޑަށް ފާހަގަވޭ، އެކަމާ ގުޅޭގޮތަކުން ޑިފީ އަޅުގަނޑާ އެއްވެސް ވާހަކައެއްނުދައްކާ، އެނޫން އެއްވެސް ކަމެއް އަޅުގަނޑަށް ފާހަގައެއް ނުކުރެވޭ” ރީޝަމް މިހެން ބުނިއިރު އޭނާ އަސްމަހާނަށް އެންމެފަހުން ހިނގި ހާދިސާ ސިއްރުކުރިއެވެ. ޝަދަފަށް ވެފައިވާ ވަޢުދު ފުއްދުމުގެ ގޮތުންނެވެ. އީވާއާމެދު ކަންތައްކުރެވުނު ގޮތުން އެކަމާ ޝަދަފު ދެރަވެފައި ހުރިވަރުންނެވެ. އެނބުރި ގެއަށް އަންނައިރު ރީޝަމްގެ ފަރާތުން ޢާއިލާއަށް އެކަން އެނގިފައި އޮވެއްޖެނަމަ ޝަދަފުގެ ފަރާތުން ލިބެމުން އަންނަ އިތުބާރާ ގާތްކަން ގެއްލިދާނެކަމަށް ބިރުންނެވެ.
“ޒައުލްއަށް ގުޅައިފިންތަ، ރަނގަޅަށްވެއްޖެއްޔާ އެގޭގެކަންނޭނގެ ޝަދަފު ވާނީ” އަސްމަހާނު ހަދާނެގޮތަކާމެދު ވިސްނަންއިރުކޮޅު އިނދެފައި ރީޝަމްއަށް ބަލާލަމުން ބުންޏެވެ.
“ޒައުލްއަށް މަންމަ ގުޅައިދޭންވީނު، އަޅުގަނޑު ގުޅައިފިއްޔާ ފަހަރެއްގައި ދޮގުވެސް ހަދާފާނެ” ރީޝަމް އަވަސް އަވަހަށް ފޯނު ނަގާ އަސްމަހާނަށް ދިއްކޮށްލިއެވެ.
“ހެލޯ، ޒައުލް، މީ ޝަދަފުގެ މަންމަ، އޭނާ ތިގޭގައި އެބަހުރިތަ” ޒައުލްއާ ވާހަކަދައްކަން މަޖުބޫރުވެފައި ހުރިފަދަ ގޮތަކަށް އަސްމަހާނު އަހާލިއެވެ.
“ނޫން، އަދި މިއަދު ނާދޭ” ޒައުލްގެ ޖުމްލަތައް ވަރަށް ސާދާއެވެ. އޭނާ ވެސް އަސްމަހާނާ ވާހަކަދައްކަން ބޭނުންނުވަނީއެވެ.
“ދޮގު ނުހައްދައްޗޭ، ވަރަށް މުހިއްމު ކަމަކު މިގުޅަނީ، މިހާރު ޝަދަފު ހާލުބަލަންޖެހޭ ކުޑަކުޑަ ދަރިއަކުއޮތްކަން ޒައުލް ވެސް ހަނދާންނައްތާލައިގެން ނުވާނެ، އޭނާ ހުރިއްޔާ ބުނެބަލަ ގެއަށް އާދެބާލާށެ” އަސްމަހާނު މިހެންބުނެލީ ޒައުލްގެ ބަސް ޤަބޫލުނުކުރެވޭތީއެވެ.
“އެހެންމީހުން ދޮގުހަދާ އޮޅުވާލިޔަސް އަޅުގަނޑަކީ ދޮގުވެރިއެއްނޫން، އަސްމާ އާންޓީ ބޭނުމިއްޔާ މިގެއަށް އަޔަސް އެންމެ ރަނގަޅު، އެކަމަކު މިގެއަކުން ޑިފީއެއް ނުފެންނާނެ، އޭނާ ފެންނާނީ މިގެއަށް އައިނަމަތާ” ޒައުލް ހިތްހަމަނުޖެހުނުކަން އޭނާގެ އަޑުން އެނގުނެވެ. އިތުރަށް އަސްމަހާނު ވެސް އެއްޗެއް އޮޅުން ފިލުވަން ނޫޅެ ވާހަކުރުކޮށްލާފައި ފޯނު ބޭއްވީއެވެ. ޝަދަފުގެ ޚަބަރެއްވެއްޖެއްޔާ އަންގާލަދޭން ޒައުލްގެ ގާތުން އެދެން ބޭނުންނުވިޔަސް އަސްމަހާނު އެކަމަށް ނޭދުނީ ޒައުލްގެ މައްޗަށް އެއްގޮތަކަށް ވެސް އިތުބާރުނުކުރެވޭތީއެވެ.
“ކޮންތާކަށްބާ ތިދަޔައީ، ކާރުވެސް ނުލައޭ ތިބުނީ ދިޔައީ، މަންމައަކަށް ވެސް ނުވިސްނުނު ދެން ހާދާނީ ކިހިނެއްކަމެއް، ބައްޕަ ގާތު ނަންގަނަމާ” އަސްމަހާނު ވެސް މިހާރު އިނީ ކަންބޮޑުވެފައި އިންފަދަ ގޮތަކަށެވެ. ރީޝަމް ބޯޖަހާލީ އަސްމަހާނު ބުނިއެއްޗަކަށް އެއްބަސްކިޔުމުގެ ގޮތުންނެވެ.
މެންދުރުގެ ކެއުން ނިންމާލާފައި އެންމެން ބޮޑުކޮޓަރިތެރެއަށް ޖަމާވިއިރު ޢާއިލާގެ ހުރިހާ މެންބަރުންގެ މޫނުމަތިން ހާސްކަން ފާޅުވާންފެށިއެވެ. ގެއިން ބޭރުގައި ހުރި އީޝާ ވެސް އަސްމަހާނުގެ ފަރާތުން ލިބުނު ޚަބަރާއިއެކު އަވަހަށް ގެއަށް އައެވެ. ރިސޯޓުގައި ހުރި ލީވާން ހުރީ ލޯންޗު ހަމަނުޖެހިގެން ގެއަށް ނާދެވިފައެވެ. ރީޝަމްގެ ޢާއިލާ މީހުން ވެސް އޭރު ތަރަފްމެންގެއަށް އަތުވެއްޖެއެވެ.
“ޑިފީ ހޭނެތިގެން ވެއްޓިއްޖެއްޔާ ފަހަރެއްގައި ހޮސްޕިޓަލަކަށް ގެންގޮސްފައި ވެސް އޮވެދާނެ، ހޮސްޕިޓަލްތަކަށް ގުޅަންވީނު އެއިންތަނެއްގައި އޮތްތޯ ބަލަން” ހާސްކަމާއެކު ތިރީތުންފަތުގައި ދަތްއަޅާލަ ތަޅާލާ އިން އީޝާ ޚިޔާލެއް ދިނެވެ.
“އާން! އާން! އެއީ ތެދެއް، ތަރަފް އާއި ރަސަލް ދުރުވަންވީނު މާލެތެރެ ބަލާލުމަށް، ފަހަރެއްގައި ކުދިބަޔަކާއެކު އުޅެނިކޮށް ވެސް އޭރު ފެނިދާނެ” މާމަ ދަރިފުޅު އީވާ އުރާލައިގެން ހުރި ޒަބާ ޚިޔާލުދިނެވެ.
ލަހެއްނުކޮށް ތަރަފް އާއި ރަސަލް ނުކުތީ މާލެތެރެއިން ޝަދަފު ފެނޭތޯއެވެ. އީޝާ އާއި ރީޝަމްއާ ދެކުދިން ވެގެން ހޮސްޕިޓަލްތަކާއި ކުލިނިކުތަކަށް ގުޅައިގެން އެއްޗެއް އޮޅުންފިލާތޯ އުޅުނެވެ. ހިތްހަމަނުޖެހިފައި ހުރި އަސްމަހާނު ބޮޑުކޮޓަރިތެރޭ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ.
“ރަސަލްމެން ގެއަށް ދުރުވީމާ އަހަންނަށް ފެންނަނީ ފުލުހުންނަށް ގުޅަން، މީގެ ކުރިން ދުވަހަކުވެސް ޑިފީ އެގޮތަށް އަހަރުމެންނަށް ނޭނގި ނުކުމެގެން ނުދެއެންނު، އަނެއްކާ މިހާރު މީހުން ވެސް އެހާ ނުބައި އިރަކު، ޖެހިލުމެއްނުވާނެ ކޮންމެފަދަ ކަމެއް ކުރާކަށް ވެސް، އެކުއްޖާއަށް ދެރަގޮތެއްވެއްޖެއްޔާ… އަސްމާ، އަހަރެން ހާދަ ބިރެއްގަނެޔޭ” ޒަބާ އެއްއަތުން އަސްމަހާނުގެ ކޮނޑުގައި ހިފާލަމުން ބުންޏެވެ.
“އަހަރެން ކެތްމިކުރަނީ ތިކަހަލަ އެއްޗެއް ހިތަށް ނާރުވާ ވޭތޯ، އެކުއްޖާއަށް ކަމެއްވެއްޖެއްޔާ އަހަންނަށް ކެތެއްނުވާނެ، އެކްސިޑެންޓެއް ވެއްޖެއްޔާ ކިހިނެއް ހަދާނީ، މިފަހަރު ކުރިން ފަހަރުހާ އެކުއްޖާ ނަސީބު ގަދަވާނެ ކަމެއް ކިހިނެއް އެނގެނީ، ދެރަގޮތެއް އަހަރެންގެ ދަރިފުޅަށް މިންވަރުނުކުރައްވާށެ” ފެންކަޅިވާން ކައިރިވެފައި ހުރި އަސްމަހާނު ބުނެލިއެވެ.
ތަރަފް އާއި ރަސަލް އެނބުރި އަންނާނެ އިރަކަށް ހުރިހާ މެންބަރުން އިންތިޒާރު ކުރަމުންދިޔައިރު އެންމެން ވެސް ހިތާ ހިތާ ދުޢާކުރަމުން ދިޔައީ ޝަދަފު ކޮންމެތަނެއްގައި ހުރިކަމުގައި ވިޔަސް ހެޔޮހާލުގައި ވުމަށެވެ. އަދި ވީހާ ވެސް އަވަހަކަށް އެމީހުންގެ ގާތަށް އެނބުރިއައުމަށެވެ. ނޫނީ ހުރިތަނެއް އެމީހުންނަށް އެންގުމަށެވެ. ދޭތެރެއަކުން ކޯތަފަތުންލާފައި ތިރިއަށް ދެމިގެންދާ ކަރުނަތިކި ރީޝަމް ފޮހެލައެވެ. އޭނައަށް އެސްފިޔަ ޖަހާލުމެއްނެތި ބެލެނީ އަތުގައި އޮތް ފޯނަށެވެ. ޝަދަފު ކޮންމެ ވަގުތަކު ވެސް އޭނާއަށް ގުޅާފާނެކަމުގެ އުންމީދުގައެވެ.
“ހެލޯ، ޑިފީ ކޮންތާކު” ޝަދަފު ފޯނުގެނެސް ކަންފަތާ ކައިރިކޮށްލުމާއެކު އިވުނީ ޒައުލްގެ އަޑެވެ.
“ކިހިނެއްވީ” ޝަދަފު ބުނެލިއެވެ.
“ކިހިނެއްހޯ ވީ، ތިގޭ މީހުން ޑިފީ ހޯދަން އަހަރެންގެ ފޯނަށް ގުޅާތީ، ކިހިނެއްވެގެންތަ ތިއުޅެނީ، ކަމެއް ގޯސްވީތަ، އަސްމާ އާންޓީގެ އަޑުން އެނގޭ ހުރީ ވަރަށް ހާސްވެފައިކަން، ބުނެބަލަ، ކޮންތާކުތަ ތިހުރީ ވެގެން އުޅޭގޮތެއް ނިކަން އަހަންނަށް އަންގައިލައިގެން އުޅެބަލަ” ޒައުލް އޮޅުންފިލުވަން ބޭނުންވިއެވެ.
“ނަވާލު އެއީ ކާކުކަން ޒައުލްއަށް އެނގޭތަ؟” ކުއްލިއަކަށް ޝަދަފު ކުރި ސުވާލުން ޒައުލް ވަރަށް ބޮޑަށް ހައިރާންވިއެވެ.
“ކޮންތާކު ތިހުރީ، އަހަރެން ބޭނުން ހަމަމިހާރު ޑިފީއާ ބައްދަލުކުރަން” ޒައުލް އަވަސްއަރުވާލާފައި ބުންޏެވެ.
“ޒައުލް، ރީޝަމްދެކެ ތިހާ ރުޅިއަންނަނީ އެއީ އިޒޫއަށް ނުވީމައެންނު” ޒައުލް ބުނިއެއްޗަކަށް ޖަވާބުދިނުމެއްނެތި ޝަދަފު ބުނެލިއެވެ.
“ޑިފީ…” ހައިރާންވެ އަންތަރީސްވި ޒައުލްއަށް ބުނެލެވުނެވެ.
“އާން! ޒައުލް، އަހަންނަށް އިތުރަށް މީހަކު އޮޅުންފިލުވައިދޭނެ އެއްޗެއް ނެތް، މިއަދު އަހަންނަށް ހުރިހާ ހަޤީޤަތެއް އެނގިއްޖެ، އަހަރެން އެނބުރި އެމީހުންގެ ގާތަށް ދާން ބޭނުންނުވަނީ އެހެންވެ، ޒައުލްއަށް ބުނަންމަޖުބޫރުވެގެން އެމީހުންގެ ގާތު އަހަރެން ހުރިތަނެއް ބުނަންޖެހުނަސް، ޒައުލްއަށް ނޭނގޭ އެއްޗެއް ނުބުނެވޭނެ އެންނު” ޝަދަފު ބުންޏެވެ.
“ޑިފީ، ތިހެންނުބުނޭ، އަހަރެން އެދުވަހު ވެސް ހުރީ ޑިފިއާއެކު، މިއަދު ވެސް އަހަރެން ހުންނާނީ ޑިފީއާއެކު، އެމީހުންނަށް އަހަރެންގެ ފަރާތުން އެކައްޗެއް ވެސް ނޭނގޭނެ، އަހަރެންގެ ދޫ ބަންދުކުރީ އެމީހުންނެއްނޫން، އެ ދޫ ބަންދުވީ ޑިފީއަށް ގެއްލުމެއްލިބިދާނެކަމުގެ ބިރަށް، ޑިފީގެ ހަނދާންތައް އެނބުރި އަންނާނެ ދުވަހަކަށް އަހަރެން ވެސް ހުރީ އިންތިޒާރުކޮށްގެން، މިއަދު އެނަސީބު މިންވަރުކުރެއްވީތީ އެކަމާ އަހަރެން ވެސް ހެއްދެވި ފަރާތަށް ޝުކުރުވެރިވަން، ތިހުރި ހިސާބަކަށް އަހަރެން ދިއުމުގެ ހުއްދަ ދީ، އަހަންނަކީ ސިއްރު ހިފަހައްޓަން އެނގޭ ރަޙުމަތްތެރިއެއް، އެކަން ޑިފީއަށް އެނގޭނެ” ޒައުލްގެ އަޑުގައި ހުރި މާޔޫސްކަމެވެ. އޭނާ ކަންބޮޑުވީ ޝަދަފު އޭނާއަށް މާފުނުކުރާވަރުގެ ކަމެއް ކުރެވިފައި އޮވެދާނެކަމުގެ ބިރަށެވެ. އެކުވެރިޔާ ގެއްލޭކަށް ބޭނުމެއްނޫނެވެ.
“މިހިރީ ނަވާމެންގޭގައި، އަހަރެން ގަސްދުގައި ފޯނު ނުނަގަން މިހިރީ، ޢާއިލާ މީހުނެއްކަމަކު އެމީހުން އެއުޅެނީ ކޮންމެހެން އަހަރެންދެކެ ލޯތްބަކުން އަހަންނާމެދު ކަންބޮޑުވެގެންނެއްނޫން، އެމީހުން އެއުޅެނީ ރީޝަމްގެ އުފާވެރިކަން ގެއްލިދާނެތީ، މަންމަ އެއުޅެނީ މަންމަގެ ހިތްހަމަޖެހުން ގެއްލިދާނެތީ، ބައްޕަ އެއުޅެނީ މަންމަ ދެރަވެދާނެތީ…. އެކަކުވެސް އަހަރެންގެ އުފާތަކާ އަހަރެންގެ ހިތްހަމަޖެހުމާމެދު ވިސްނައެއްނުލި، މިއަދު އަހަންނަށް ގެއްލިފައިވާ އުފާތަކާ ހިތްހަމަޖެހުން ހޯދަން ނުކުންނަން އަހަރެން މިހިރީ ތައްޔާރަށް، އެކަކަށް ވެސް އެކަމެއް ނުހުއްޓުވޭނެ، ޒައުލް އާއި ނަވާއަކީ އޭރު އަހަރެންގެ އެންމެ ގާތުގައި ތިބި އަހަރެންގެ ދެއަތްހާ ގާތް ދެރަޙުމަތްތެރިން، މިއަދު ވެސް ތިރަޙުމަތްތެރިކަމުގެ ފައިދާ އަހަންނަށް ކުރާނެކަން އެނގޭ، އަހަރެންގެ އިތުބާރު ތިއެކުވެރިންގެ މައްޗަށް ގެއްލުނަކަ ނުދޭނެކަން ވެސް އެނގޭ، މިހާރު އަހަންނާ ބައްދަލު ނުކުރިޔަސް ހަވީރު އަހަރެން ބޭނުން ތިންމީހުން އެކުގައި ބައްދަލުވެލަން، އެހާއިރު ގުޅާނަން” ޝަދަފު ކޯލު ނިންމާލިއިރު އޭނާގެ ފޯނަށް ދިހަވަރަކަށް މިސްކޯލު އައިސްފައި އޮތެވެ.
“ކޮންމެވެސް މީހަކު ޑިފީގެ ނަންބަރު އެބަ ބޭނުންކުރޭ، ނޫނީ ޑިފީ އަހަރުމެންނާ ނުގުޅާ އެހެންބަޔަކަށް ގުޅަނީތަ” ކުރެހިފައިވާ އަޑަކުން ރީޝަމް މިހެން ބުނެ ބޮޑުކޮޓަރީގައި އޭރު ތިބި މީހުންނަށް އަތުގައި އޮތް ފޯނު ދިއްކޮށްލިއެވެ. އެއާއެކު އީޝާ އައިސް ފޯނުގައި ހިފިއެވެ.
“މިވަރަށް ގުޅާއިރު ޑިފީ ފޯނު ނުނަގައެއްނުހުންނާނެހެން ހީވަނީ، ވެދާނެ ބަޔަކު ފޯނު ފޭރިގަތީކަމަށް، ބޭނުންކުރަންޏާ ފުލުހުންނަށް ފޯނު ހޯދަން ފަސޭހަވާނެ އެންނު، ހިނގާ ރިޕޯޓުކުރަމާ” އީޝާ ބުންޏެވެ.
“ހައްތަހާ ވެސް ޔަޤީންނުވާތީ، މީ ޑިފީ ޖަހާ ސަކަރާތެއްނަމަ ފުލުން ދެކޭނީ ކިހިނެއް” ދެކޮޅަށް ހިނގަހިނގާ ވަރުބަލިވެގެން އައިސް ސޯފާގައި އިށީނދެއިން އަސްމަހާނު މަޑުމަޑުން ބުނެލިއެވެ.
“އެހެންވިޔަސް ބަލަހައްޓައިގެން ކަމެއްނުކޮށް މިހެން ތިބެންވެއްޖެއްޔާ ވަގުތު ފާއިތުވެދާނެ އެންނު މަންމާ” އީޝާ އައިސް އަސްމަހާނުގެ ގާތުގައި އިށީންނަމުން ބުނެލިއެވެ.
ހަވީރު ހަތަރެއްޖަހާ ދިޔަފަހުން މާލެތެރޭގައި އެތަންމިތަނުގައި ދުއްވަދުއްވާފައި ތަރަފް އާއި ރަސަލް އެނބުރި ގެއަށް އަތުވެއްޖެއެވެ. ޝަދަފު ދާނޭހެން ހީވާ ހުރިހާ ގެއަކަށް ވެސް އެމީހުން ދިޔައެވެ. ޒައުލްގެ ބަހަށް އަސްމަހާނު އިތުބާރު ނުކުރާތީ އެގެއަށް ވެސް އެމީހުން އައީ ވަދެފައެވެ. ތަރަފް އާއި ރަސްލަ ފެނުމުން ސޯފާގައި އިން އަސްމަހާނު ފުންމައިގެން ތެދުވެ ބަލާލީ ކެތްތެރިކަން ކުޑަވެފައި ހުރެއެވެ. ތަރަފްގެ ދެފަރާތަށް ބަލާލެވުނީ އެމީހުންނާއެކު ޝަދަފު އައިތޯއެވެ.
“ވަރަށް ހޯދިއްޖެ، ގޭގެއަށް ވެސް ދެވިއްޖެ، ހައިކަލް ކައިރީ މަސައްކަތްކުރަން އުޅޭ ކުދިންލައްވާ ހުޅުމާލެ ވެސް ބެލިއްޖެ، އެއްވެސް ތަނަކުން ޝަދަފުގެ އިޝާރާތެއްނުވި، ދެން އިތުރަށް އެކުއްޖާ ދާނެތަނެއް އަހަރެންގެ ސިކުނޑިއަކަށް ނުވިސްނުނު، ހިތަށްއެރި އަސްލަމްމެންގެއަށް ދާންވެސް، އެކަމަކު އެކްސިޑެންޓަށްފަހު އެގޭ ކުއްޖާއާ ޝަދަފަށް އެއްވެސް ގުޅުމެއް ނޯންނާތީ މިކަހަލަކަމެއްގައި އެގެއަށް ވަންނަން ނުކެރުނީ، މަންސޫރު ވެސް ބުނީ ލަސްނުކޮށް އަވަހަށް ފުލުހުންނަށް އަންގަންވީއޭ، އަހަރުމެންނަށް ވެސް ފެންނަނީ އެގޮތަށް، ދޯ ރަސަލް” ތަރަފް އައިސް މާޔޫސްވެފައި ހުރި އަސްމަހާނު ގާތްކޮށްލަމުން އެންމެނާ ކުރިމަތިލައިގެން ހުރެ ވާހަކަދެއްކިއެވެ.
“އަހަންނަށް އެނގިއްޖެ ހަދާނެގޮތެއް” އީޝާ މިހެން ބުނެ އަތުގައި އޮތް ރީޝަމްގެ ފޯނުން ޝަދަފުގެ ފޯނަށް މެސެޖެއް ލިޔެފައި ފޮނުވާލިއެވެ. އެންމެން ތިބީ އީޝާ އެކުރިކަމެއް ނޭނގި ސުވާލުއުފެދިފައެވެ. އެމެސެޖު ފޮނުވިތާ ގިނައިރެއްނުވެ ރީޝަމްގެ ފޯނު ރިންގުވާންފެށިއެވެ.
“ޑިފީ…” ލިބުނު ކާމިޔާބުން ހިނިތުންވެލި އީޝާ އަވަސް އަވަހަށް މިހެން ބުނެ ފޯނުކޯލަށް ޖަވާބުދިނުމަށް އުޅުނެވެ.
“ހެލޯ، ޑިފީ” އީޝާ ކޯލު ނެގުމާއެކު ބުނެލިއެވެ.
“ކޮބާ ރީޝަމް؟” ޝަދަފުގެ އަޑުން ހީވަނީ އޭނާ ނުރުހުންވެފައި ހުރިހެންނެވެ.
“މިތާ އެބަހުރި، އިހަށް ބުނެބަލަ ޑިފީ ތިހުރިތަނެއް، އެކަކަށް ވެސް އަންގާ…” އީޝާގެ ބުނަން އުޅުނު އެއްޗެއް ނުބުނެވެނީސް ޝަދަފު ވާހަކަދައްކަން ފެށިއެވެ.
“އަހަރެން ކޮންމެހެން މިގުޅީ އީޝްދޮންނާ ވާހަކަދައްކާކަށް ނޫން، ތިތާ ރީޝަމް ހުރިއްޔާ އޭނާ އަތަށް ހަމަމިހާރު ފޯނު ދީ” ޝަދަފުގެ ބާރު އަޑާއި ހުރި އަމުރުވެރިގޮތުން އީޝާގެ ކުރިމަތީގައި ޝަދަފު ނެތްކަމުގައި ވިޔަސް އޭނާ ވެސް ޖެހިލުންވިއެވެ. އަދި އަވަހަށް ރީޝަމްއަށް ފޯނު ދިއްކޮށްލިއެވެ.
“ހައު ރޫޑް…” ދެލޯ ބޮޑުކޮށްލަމުން އީޝާ ބުނެލިއެވެ.
“ޑިފީ ޕްލީޒް ގެއަށް އާދެބަލަ” ރީޝަމް ރޮވިފައި ހުރި ފަދަ ގޮތަކަށް ބުނެލިއެވެ.
“ނުޖެހޭ ދާކަށް، ސާފުވެއްޖެތަ، އަހަރެން ތިގެއަށް ދާކަށް ކޮންމެހެން ނުޖެހޭ، އަދި އެބަ ފާޑު ފާޑުގެ މެސެޖު ކުރެޔޭ، އަހަރެން ބިރުގަންނާނެ ކަމަށްތަ ހީކުރަނީ، ފޯނު ނުނެގީ ނަގަން ބޭނުންނުވާތީ، އެވަރު ނޭނގުނުދޯ، ނިކަން އަހަރެން ހޯދަން ފުލުހުންނަށް ތިހާ އަންގާހިތްވަންޏާ އަންގަބަލަ، އަހަރެން ވެސް ބަލާނަން އަހަރެންގެ ނުރުހުމުގައި ތިގެއަށް އަހަރެން ވެއްދޭތޯ، އަހަރެން އެނބުރި ތިގެއަށް ދާނީ އަހަރެން ދާން ބޭނުންވި ދުވަހަކުން، އެދުވަހަށް ރީޝަމް ވެސް ތައްޔާރުވެގެން ހުންނާތި، އަހަންނަށް ދެން މެސެޖުކޮށްގެން ވެސް ނުވާނެ، އަދި ގުޅަން މަސައްކަތްކޮށްގެން ވެސް ނުވާނެ، ތިއިން އެކަކުގެ މޫނު ވެސް ދެކެން އަހަރެން ބޭނުމެއްނޫން” ޝަދަފު ބުނަން ބޭނުންވި އެއްޗެއް ބުނެފައި ފޯނު ކަނޑާލީއެވެ. އެއާއެކު ސޯފާގައި އިން ރީޝަމް މޫނުގައި ދެއަތްއެޅުމާއެކު ބާރަށް ރޯން ފެށިއެވެ. އެންމެންގެ ހާސްކަންވީ އިތުރެވެ. ޢާއިލާގެ މެންބަރުން އައިސް ރީޝަމް ވަށާލިއެވެ. ވީގޮތެއް އޮޅުން ފިލުވަން އެންމެން ވެސް ތިބީ ކެތްތެރިކަން ކުޑަވެފައެވެ ޚާއްޞަކޮށް ޒަބާގެ މޫނުމަތިން އިންތިހާ ދަރަޖައިގެ ކަންބޮޑުވުން ފާޅުވަމުންދިޔައެވެ. އެހެންމީހުންނާ ޚިލާފަށް އޭނާ ހިމޭނުން ހުރީ ސިކުނޑިއަށް އެވަގުތު ވަން ޚިޔާލެއްގެ ސަބަބުންނެވެ. ޒަބާ ބޭނުންވީ ރީޝަމްއާއެކު އެކަނިވެލާނޭ ފުރުޞަތެކެވެ. އޭނާގެ ސިކުނޑިއަށް އުނދަގޫކުރަމުންދިޔަ ކަންތަކުގެ ވާހަކަ ދަރިފުޅާ ޚިއްޞާކުރުމަށެވެ.
“އީޝާ، ޝަދަފަށް ގުޅާބަލަ” ރީޝަމްގެ ފަރާތުން އެއްވެސް ކަމެއް އޮޅުންފިލާގޮތް ނުވުމުން އަސްމަހާނު ބުންޏެވެ.
“ޑިފީ ފޯނެއް ނުނަގާނެ” އަސްމަހާނުގެ އަޑުއިވިފައި ރީޝަމް ބުނެލިއެވެ.
“ފޯނު ނުނަގަންވީ ކީއްވެ؟، ޑިފީ ކޮންތާކު ހުރީ” އަސްމަހާނު، ރީޝަމްގެ ބުރަކަށީގައި ފިރުމާލަމުން އަހާލިއެވެ.
“ޑިފީ ބުނީ މިގެއަށް އަންނާކަށް ބޭނުމެއްނެތޯ، އޭނާ ހޯދަން މަސައްކަތް ނުކުރައްޗޯ، ކީއްވެކަމެއް ނުބުނޭ، ހުރީ ކޮންތާކުކަމެއް ވެސް ނުބުނޭ” އިސްޖެހިފައި އިނދެ ރޮމުން ރީޝަމް ވާހަކަދެއްކިއެވެ. އޭނާ ވާހަކަދެއްކީ މަޑުން ނަމަވެސް އެތަނުގައި އެވަގުތު ތިބި އެންމެންގެ ސަމާލުކަން ރީޝަމްގެ އެބުނި އެއްޗަކަށް ހުއްޓުނެވެ.
“ވީގޮތެއް ނުބުނެ ކުއްލިއަކަށް އެކަހަލަ ނިންމުމެއް ޝަދަފު ނިންމަންޖެހުނީ ކިހިނެއްވީބާ” ތަރަފްއަށް މިހެންބުނެލެވުނީ އަމިއްލަ ޟަމީރާ ސުވާލުކޮށްލާ ފަދަ ގޮތަކަށެވެ.
“އީޝް، ދަރިފުޅު ކީކޭތަކީ ޝަދަފު ގާތު” އަސްމަހާނު އަވަސް އަވަހަށް އީޝާއާ ސުވާލުކުރިއެވެ.
“އަޅުގަނޑު ޑިފީގެ ފޯނަށް މެސެޖު ކުރީ އެފޯނު ގެންގުޅެނީ ކޮންމެ މީހެއްވިޔަސް ފުލުހުންނަށް ރިޕޯޓުކޮށްފީމޭ ކިޔާފައި، އަދި އެފޯނު ގެންގުޅޭ މީހަކު ހުރިތަނެއް ވަރަށް އަވަހަށް ހޯދާނަމޭ އެހެންނޫނީ މެސެޖުކުރި ނަންބަރަށް ގުޅާށޭ، އަސްލު އަޅުގަނޑު ހީކުރީ ޑިފީގެ ފޯނު އެހެން މީހަކު ބޭނުންކުރާތީއޭ ރީޝްގެ ނަންބަރުން ގުޅީމައާ އަދި އަޅުގަނޑުމެންގެ ނަންބަރުތަކުން ގުޅީމާ ފޯނު ނުނަގަނީ، ޑިފީގެ ފޯނުގައި އަޅުގަނޑުމެންގެ ނަންބަރުތައް ސޭވްކޮށްފައި ހުންނައިރު ގުޅަނީ ކޮންބައެއްކަން އެނގޭނެއެންނު، ދެން އެހެންނޫނަސް އެއީ ޑިފީ ރުޅިއަންނަން ޖެހޭ ވަރުގެ ކަމެއްތަ؟” އީޝާ ކުޑަކޮށް ހިތްހަމަނުޖެހުނެވެ.
“ދެން ކިހިނެއް ހަދާނީ” އަސްމަހާނު ގޮތްހުސްވެފައި އިންފަދަ ގޮތަކަށް ތަރަފްއަށް ބަލާލިއެވެ.
“ޝަދަފުގެ ސިކުނޑި ފިނިވެލަންދެން މަޑުކޮށްލަންވީ، މިރޭގެ ވަގުތަކު ގުޅާލަނިކޮށް ފަހަރެއްގައި ފޯނު ނަގާވެސް ފާނެ، ރީޝަމް، ދަރިފުޅު ކަންބޮޑުނުވޭ، ޝަދަފު އެހެންބުންޏަސް އޭނާ ރުޅިމަޑުވީމާ ގެއަށް އެނބުރިއަންނާނެ، ފުލުހުންނަށް އެންގުމުގެ ބޭނުމެއްނެތް، އަހަރުމެންނަށް އެބަ އެނގޭ ޝަދަފު ހުރީ ހެޔޮހާލުގައިކަން، އެހެންވީމާ މިވަގުތަށް ހިތްހަމަޖައްސާލަން ފެންނަނީ” ތަރަފް އެންމެންގެ ހާސްކަން ފިލުވާލުމަށް ބުނެލިއެވެ.
ކުޑަކުޑަ އީވާ ގޮވައިގެން އައިސް ކޮޓަރިއަށް ވަން ރީޝަމްއަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. ސިކުނޑީގައި ވަނީ ސުވާލު މާކެއް ޖެހިފައެވެ. ޝަދަފު ވާހަކަދެއްކި ގޮތުންނެވެ. ކުރިމަތީގައި ޝަދަފު ފެންނަންނެތްކަމުގައި ވިޔަސް އެއަޑުން ނަފުރަތުގެ އަސަރު ރީޝަމްއަށް އިޙްސާސްކުރެވިގެންދިޔައެވެ. އެންމެ ކަންބޮޑުވަނީ ޝަދަފަށް ވީގޮތެއް ނޭނގޭތީއެވެ. ކުއްލިއަކަށް އެފަދަ ބަދަލެއް އަންނަންޖެހުނު ގޮތެއް ނޭނގޭތީއެވެ. ދަރިފުޅު ގާތުގައި ބާއްވާލައިގެން އެނދުގައި އޮށޯވެލައިގެން އޮތް ރީޝަމްގެ ދެލޮލުން ކަރުނަ ނުހިކުނެވެ. ޝަދަފު ދެކެ އޭނާ އިންތިހާއަށް ލޯބިވެއެވެ. ވީއިރު އެލޯބި އަތުން ބީވުމަކީ އޭނާއަށް ކެތްވާނެކަމެއް ނޫނެވެ.
ދެކޮޅަށް ފުރޮޅި ފުރޮޅިވެސް ޝަދަފަށް ނިދޭގޮތެއް ނުވިއެވެ. ދެލޯ މަރާލާއިރަށް ފެންނަނީ ޢިޒްވާއެވެ. ކަންފަތަށް އިވެމުންދިޔައީ ލޯބިވާ ދަރިފުޅުގެ ތުއްތު އަޑުން ގޮވާލާ އަޑެވެ. ކައިރީގައި އޮތް ބާލީހުގައި ބާރަށް ބައްދާލެވުނީ އެދެއަތުގެތެރޭ ދެމައިންގެނެސް ހިފަހައްޓާލަން ބޭނުންވެފައި އޮތްވަރުންނެވެ. ހަށިގަނޑުން އެއްބައި އުނިވެފައިވާކަމުގެ އިޙްސާސް ޝަދަފަށް ކުރެވެމުންދިޔައެވެ. އަދި ޝަކުވާކުރެވެމުންދިޔައީ ޢިޒްވާ އާއި ދަރިފުޅާ ދުރުގައި އެހާގިނަދުވަހު އުޅެވުނީތީއެވެ. އެކްސިޑެންޓަށްފަހު އެދެމައިންގެ މަތިން ހަނދާންނަތުނީތީއެވެ. ލޮލުގެ ހިމަކޮޅުންލާފައި ފައިބައިގެން ދިޔަ ކަރުނަތިކި ބާލީހުގެ ތެރެއަށް ފޭދިގެންދިޔައެވެ. ޝަދަފުގެ ހިތާ ސިކުނޑިއަށް ހަމަޖެހުމެއް ލިބޭނީ ޢިޒްވާއާ ބައްދަލުވި އިރަކުންނެވެ.
ޝަދަފު ގެއަށް ނާންނަތާ ސާޅީސް އަށްގަނޑިއިރު ހަމަވާން ކައިރިވަނީއެވެ. ބަސްމަދުވެފައި ރީޝަމް އިނެއްކަމަކު އޭނާގެ ހިތާ ސިކުނޑިވަނީ ހިމޭންވެފައެއް ނޫނެވެ. ކުޑައެނދުގެ ފަޑީގައި ދެއަތުން ހިފަހައްޓާލައިގެން ހުރިއިރު އެކުއްޖާގެ މޫނުން ރީޝަމް ހޯދަމުން ދިޔައީ ޝަދަފެވެ. އޭނާއަށް ޝަދަފުގެ ފަރާތުން ލިބުނު ހަމައެކަނި ލޯބީގެ ނިޝާނަކީ އެއީއެވެ. ހަމައެއާއެކު ހިތާ ސިކުނޑިއަށް ވިސްނައިދެމުންދިޔައީ އެކުއްޖާއަށްޓަކައި ޝަދަފު އެނބުރިއަންނާނެކަމެވެ. ދަރިފުޅަށް ކަމެއްވާކަށް ޝަދަފު ނޭދޭނެކަން ޔަޤީނެވެ. ކުޑަވެސް ހިތްހަމަޖެހުމެއް ރީޝަމްއަށް ލިބެނީ އެހެން ހިތަށް އެރުމާއެކުއެވެ.
ޓެކްސީގައި އިންއިރު އިރުއޮއްސެމުންދިޔަ މަންޒަރު ސާފުކޮށް ފެންނަމުންދިޔައެވެ. އެދިމާލަށް ނަޒަރު ހުއްޓާލައިގެން ޢިޒްވާއިނީ ކޮންޚިޔާލަކަށް ގެއްލިފައިކަމެއް ނޭނގެއެވެ. އޭނާ އެނބުރި ބަލާލީ ޖެހިގެން އިން ސަމަރް އޭނާގެ އަތުގައި ކޮށްޓާލުމުންނެވެ.
“އިޒޫ ފައިބާނެކަމެއްނެތް، ވަރަށް ލަސްވެސް ވެއްޖެއެންނު ދޯ، މިޓެކްސީގައި އިޒޫ ދޭ އިނގޭ، ނޫނީ ރައިން ފޮނުވަންތަ އިޒޫއާއެކު” ސަމަރު އަހާލިއެވެ.
“ރައިން ނުފޮނުވިޔަސް އަހަރެން ހިނގައިދާނަން، ރައިންބަހައްޓާ ސަމަރް ގާތު، ދޯ ރައިން، ޑިކީގައި އޮތްހާ ސާމާނު ގޭތެރެއަށް ވެސް ވައްދަން ޖެހޭނެއެންނު، މަންމަ ވަރަށް އުފާވާނެ ސަމަރްއާއެކު ރައިން ހުއްޓާ ފެނުމުން، އަހަރެންގެ ދަބަސްފިޔަވާ އެކޮޅަށް ގެންދާނޭ އެއްޗެއް ނުހުންނާނެ” ޢިޒްވާ ލުއި ހިނިތުންވުމަކާއެކު ކުރީ ސީޓުގައި ޑްރައިވަރާޖެހިގެން އިން ރައިންނަށް ބަލާލިއެވެ.
“އޯކޭ، މާދަން ގުޅާނަން އެނގޭ، މިރޭ އިޒޫ ކާނެއެއްޗެހި ހުންނާނެތަ، މަންމަ ގާތު ބުނަންތަ އިޒޫއަށް ކާއެއްޗެހި ޕެކްކޮށްދޭށޭ، އޭރުން ގެއަށްގޮސް މިރޭ ކައްކަން އުޅޭކަށް ނުޖެހޭނެއެންނު” ޢިޒްވާގެ ހަޔާތަށް ސަމަރު އައިދުވަހުން ފެށިގެން އޭނާއަށް ދަތިވާ އެއްވެސް ކަމެއް ނޯވެއެވެ. އެންމެ ކުދި ކުދި ކަންތައްތަކަށް ދާންދެން ސަމަރް ހުންނަނީ ކުރިއާލާ ވިސްނާލާފައެވެ. ގިނަ ޒަމާންވީ ރަޙުމަތްތެރިކަމަކަށް އެދެމެދުގައި އޮތް ގުޅުންވީ ވެސް އެހެންވެއެވެ. ޢިޒްވާއާ މެދު އޭނާ ވިސްނާވަރު ޚުދު ޢިޒްވާއަށް އެނގޭތީއެވެ.
“ދެން އެހެންހަދާނެކަމެއްނެތް، އަހަރެން ގެއަށްގޮސް ލުއި އެއްޗެއް ތައްޔާރުކޮށްލަ ފާނަން، މިހާރު މިއޮއް އާދެވުނީ” ޢިޒްވާ މިހެންބުނިއިރު ޓެކްސީ އައިސް ސަމަރް މެންގޭ ދޮރުމަތީ މަޑުކޮށްލަނީއެވެ.
“ސަލާމަތުން ގެއަށްދެވުނުކަން އަންގާލަން އަހަންނަށް ގުޅައްޗޭ” މިހެންބުނެ ސަމަރު ޓެކްސީއިން ފޭބިއެވެ. ޑްރައިވަރު ފައިބައިގެން އައިސް ފޮށިތައް ބޭލުމުގައި ރައިންނަށް އެހީތެރިވެދިނެވެ. ސަމަރް އާއި ރައިންނަށް އެއްޗެހިތައް ހިފައިގެން ގޭތެރެއަށް ނުވަދެވިގެން އުޅެނިކޮށް ޑްރައިވަރު ޢިޒްވާ ގޮވައިގެން ދުއްވާލީ އޭނާގެ މަންޒިލަށް ގެންގޮސްދިނުމަށްޓަކައެވެ.
ރޭގަނޑުގެ ކެއުމުގައި ސަމަރްއަށް ބައިވެރިވެވުނީ ތަންކޮޅެއް ލަހުންނެވެ. ނަމަވެސް ޚާލިދާ އިނީ ދަރިފުޅާއެކު ނޫނީ ނުކާށެވެ. އޭނާއަށް ގޭގައި އެހީތެރިވެދޭން އުޅޭ ބިދޭސީ ކުއްޖާ ގޮވާލުމާއެކު ސޯފާއިން ތެދުވިއެވެ. ސަމަރް ކާމޭޒު ދޮށަށް އައީކަން އެނގުނީއެވެ. ކާމޭޒުމަތީ ހުރި ތަށިތަކަށް އިންސާފުކުރަމުން ސަމަރް ދިޔައެވެ. ދަރިފުޅު ހަމަޖެހިލާފައި އިންވަރު ފެނި ޚާލިދާގެ ހިތަށް ފިނިކަމެއް ލިބުނެވެ. އޭގެ އިތުރުން ދަރިފުޅުގެ ކައިވެންޏަށް ދެން މާގިނަދުވަހު އިންތިޒާރު ކުރަން ނުޖެހޭނެކަން އެނގޭތީވެ އެކަމާ ވެސް އޭނާ އިނީ އުފަލުންނެވެ. ނަމަވެސް އެކަން އޭނާ ފާޅެއްނުކުރިއެވެ. ބިރުގަންނަނީ ބުނެވޭ އެއްޗަކުން ސަމަރްގެ ޚިޔާލު ބަދަލުވެދާނޭތީއެވެ. ޚާލިދާ އެގެއަށް ސަމަރް ހޯދަން އައި ދެޒުވާނުންގެ ވާހަކަ ބުންޏެވެ. އެމީހުންނަށް ކިޔާނަން ހަނދާންނެތްކަމަކު ޚާލިދާ އެމިހުން ތިބިގޮތް ސަމަރްއަށް ސިފަކޮށްދިނެވެ.
“އެވާނީ ޒައުލްކަމަށް، އެކަމަކު ދެން ހުރި މީހަކީ ކާކުބާ…” ސަމަރް ވިސްނާލިއެވެ. އެހެންނަމަވެސް އެކަމާ ގުޅިގެން ޚާލިދާއާ އެއްވެސް ވާހަކައެއް ނުދައްކައެވެ. ވަރުބަލިވެފައި ހުރުމުން އޭނާ ބޭނުންވީ ކޮޓަރިއަށް ގޮސް އަރާމުކޮށްލާށެވެ. އެހެންވެ ކައިނިމުމާއެކު ސަމަރް އައިސް ވަނީ އޭނާގެ ކޮޓަރިއަށެވެ.
ސަލާމް ގޮވާއަޑަށް ސިޓިން ރޫމުގައި އިން ޚާލިދާ އައިސް ދޮރުހުޅުވާލިއެވެ. އެއާއެކު ކުރިން ވެސް އެގެއަށް އައި ދެޒުވާނުން ސަމަރް ހޯދަން އައިސް ހުއްޓާ ފެނުނެވެ.
“އެބަ އަންނަން ގޮވާލާފައި، އެތެރެއަށް ވަންނަންވީނު” ޚާލިދާ ހިނިތުންވެލަމުން ބުނެލިއެވެ.
“ޝުކުރިއްޔާ، މިތަން ވެސް އޯކޭ” ހަށިގަނޑު ތަންކޮޅެއް ވަރުގަދަކޮށް ހުރި ޒުވާނާ ބުނެލިއެވެ. ޚާލިދާ ހިނގައިގަތީ އެތެރެއަށެވެ. ގިނައިރެއްނުވެ އިސްތަށިގަނޑު ރީތިކުރަމުން އައި ސަމަރް ސިޓިން ރޫމު ދޮރުމަތީ މަޑުކޮށްލިއެވެ. އެހިނދު އޭނާގެ ކުރިމަތީ ތިބި ދެޒުވާނުން ފެނި އޭނާގެ ދެލޯ ބޮޑުވެގެންދިޔައީ ލިބުނު ހައިރާންކަމުންނެވެ.
“ނަވާލް…” ސަމަރްއަށް ބުނެލެވުނެވެ.
“ސަމަރް، އަހަރެންގެ އިޒޫ ހުރިތަނެއް އަހަންނަށް ބުނެދީ، އަހަރެން ބޭނުން ހަމަމިހާރު އޭނާގެ ގާތަށް ދާން” އެންމެ ސިކުންތެއް ވެސް ބޭކާރުކޮށްލަން ބޭނުންނުވެފައި ހުރި ޝަދަފު ވާހަކަދެއްކިއެވެ.
“ސަމަރް، ޑިފީއަށް އިޒޫ ހުރިތަނެއް ބުނެދީ، އެދެމީހުން ބައްދުވާންވީ ވަގުތުޖެހިއްޖެ، އެކަމަށް ސަމަރް ހުރަސްނާޅާ” ސަމަރް އެއްޗެއް ނުބުނެ ހުއްޓުން އަރާފައި ހުރުމުން ނަވާލު ވާހަކަދެއްކިއެވެ.
“އިޒޫ… އޭނަ، އޭނާ ވީ ގޭގައި” ސަމަރް ޖެހިލުންވެފައި ހުރި ފަދަ ގޮތަކަށް ވާހަކަދެއްކިއެވެ.
“އަހަރުމެންނާއެކު ދެވިދާނެތަ އިޒޫ ހުރިތަނެއް ހޯދަން” ނަވާލު އެއްސެވެ.
“އަހަރެން ކަޔައިދީފާނަން އިޒޫ ހުރިތަނެއް، އެކަމަކު ކީއްކުރަން މިހާރު އިޒޫ ހޯދަނީ” ސަމަރް އެހީ ޝަދަފުގެ ގާތުންނެވެ.
“އަހަރެން ތިސުވާލަށް ޖަވާބުދީ ފާނަން، އިހަށް ސަމަރް ކިޔައިދީ އިޒޫ ހުރިތަނެއް” ނަވާލު އަވަސްއަރުވާލައިފައި ބުންޏެވެ. އެއާއެކު ސަމަރް އެދެޒުވާނުންނަށް ޢިޒްވާ ހުރިތަނެއް އޮޅުން ފިލުވައިދިނެވެ.
“އިޒޫ އުޅެނީ ވިލިނގިލީގަތަ، ނަވާ، އެހެންވީމަ ކިހިނެއް އަހަންނަށް މި މާލޭން އިޒޫ ފެންނާނީ” ޝަދަފު މަޑުމަޑުން ބުނެލިއެވެ.
“ތެންކިޔު ސޯ މަޗް ސަމަރް، ނަވާ، ހިނގާ ދަމާ” ޝަދަފު ދިއްކޮށްލި އަތުގައި ސަމަރް ހިފާ ސަލާމްކޮށްލުމާއެކު އޭނާ ދެން އެނބުރުނީ ނަވާލާ ދިމާލަށެވެ. އޭރު ވެސް ސަމަރް ހުރީ ޝަދަފުގެ ހަރަކާތްތައް ހުރިގޮތުން ހައިރާންވެފައެވެ. އެންމެފަހުން އޭނާއަށް ޝަދަފު ފެނުނު އިރާ މިހާރާ އައިސްފައި ހުރި ބަދަލުގެ ސަބަބުންނެވެ. ޝަދަފު، ޢިޒްވާއާ ބައްދަލުކުރަން ބޭނުންވެފައި ހުރި ވަރުންނެވެ.
ވިލިނގިލީ ފެރީގައި ހޭދަވެގެންދިޔަ ވަގުތުކޮޅަކީ ޝަދަފުގެ އުމުރުގައި ވެސް ކަމަކަށްޓަކައި ކުރަންޖެހުނު އެންމެ ދިގު އިންތިޒާރުކަމުގައި ވެގެންދިޔައެވެ. ކެތްތެރިކަން ކުޑަވެފައި އިންފަދަ ގޮތަކަށް ފައިތަޅުވާލުމާ ދެއަތްދެއަތާ ހާކާލުމާއި ވަށައިގެން ހޯދާލުންފަދަ ހަރަކާތްތަކުން ޝަދަފުގެ ހާލު އޭނާއާ ޖެހިގެން އިން ނަވާލަށް ނަގައިގަނެވުނެވެ.
“ދެން ނެތޭ ގިނައިރެއް، ޢިޒޫ ހުންނަ ގެއަކީ ކޮބާކަން އަހަރެން އޮޅުން ފިލުވާލައިފިން، އަހަރުމެން ބަލާ ފާއިޒު އަންނާނެ، އޭނައަށް އެގެ ހުންނަތަނެއް އެނގޭ” ނަވާލު ބުނެލިއެވެ.
ރަށުތެރެއަށް އަރައިގެން އައި ދެޒުވާނުންނަށް ފާއިޒު ގޮވާލިއެވެ. އެއާއެކު ނަވާލާއި ޝަދަފު އެދިމާލަށް ދިޔައެވެ. ފާއިޒު މަގުދައްކަމުން ކުރިއަށް ދިޔައިރު ޝަދަފު ހުރީ އާދަޔާ ޚިޔާލަށް ހިމޭންވެފައެވެ. އޭނާ ވިސްނަމުން ދިޔައީ ޢިޒްވާއާ ބައްދަލުވުމުން ދެން ވާނެ ގޮތަކާމެދުއެވެ. އޭނާ ގާތު ބުނާނީ ކީކޭ ކަމެވެ. ނޫނީ ޢިޒްވާ، ޝަދަފު ފެނުމުން ކަންތައްކުރާނެ ގޮތަކާމެދުއެވެ.
“މީ އެގެ، ހުރިހާ ބައެއްވެސް ހުންނަނީ ކުއްޔަށްދީފައި، ތިބުނާ ކުއްޖަކު އުޅެނީ ކޮންބަޔަކުކަމެއް ނޭނގޭ، އެކަމަކު ހަތަރުވަނަ ބުރީގައި އެކަނިއުޅޭ އަންހެންކުއްޖަކު ހުންނަވާހަކަ މިގޭ އެހެންބައެއްގައި އުޅޭ އަހަރެންގެ ރައްޓެއްސަކު ބުނި، ވެދާނެ އެއީކަމަށް ތިހޯދާ ކުއްޖަކީ” ފާއިޒު ވާހަކަދައްކީ ނަވާލާއެވެ.
“އޯކޭ، ތޭންކްސް އިނގޭ، އަހަރުމެން ވަދެ ބަލާލަ ފާނަން” ނަވާލު މިހެން ބުނެލުމުން ފާއިޒު އެތަނުގައި މަޑުކުރާކަށް ގަސްދެއްނުކުރިއެވެ. އޭނާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލަފައި ހިނިތުންވެލަމުން ހިނގައިގަތެވެ.
“ނަވާ، އަހަރެން ބޭނުންވަނީ އަހަރެން އެކަނި އިޒޫއާ ބައްދަލުކުރަން” ނަވާލާއެކު ކުރިއަށް ހިނގައިގަތުމުގެ ބަދަލުގައި ޝަދަފު ބުނެލިއެވެ.
“ޑިފީއަށް ޔަޤީންތަ އެއީކަން ބޭނުންވާގޮތަކީ” ނަވާލު ފުންބަލާލުމަކުން ޝަދަފަށް ބަލާލިއެވެ.
“އާން، އިޒޫގެ ގޮތް އަހަންނަށް އެނގޭ، އޭނާ އަހަންނާ ވާހަކަދައްކާނީ އަހަރެން އެކަނި ބައްދަލުކޮށްފިނަމަ، އަދި އެހިތުގައިވާ އެއްޗެއް އަހަންނަށް އެނގޭނީ ވެސް އޭރުން” ޝަދަފު ހުރީ ކޮންމެވެސް ވަރަކަށް ހާސްވެފައެވެ.
“އެހެންވީރު އަހަރެން ކިހިނެއް ހަދަންވީ، އެންމެ ރަނގަޅުތަ އެނބުރި މާލެ ދިޔަޔަސް، ނޫނީ މަޑުކުރަންވީތަ ޑިފީގެ ޚަބަރެއް ވަންދެން” ނަވާލު ޚިޔާލުފާޅުކުރިއެވެ.
“ނަވާ އެނބުރިދޭ، އަހަރެން ކަމެއް ބޭނުންވެއްޖެނަމަ ނަވާއަށް ގުޅާނަން” ޝަދަފު އަވަސް އަވަހަށް ބުނެލިއެވެ.
“ހިއަރ، އިން ކޭސް އޮފް އެމަރޖެންސީ” ނަވާލު ވޮލެޓުން ނަގާފައި ޝަދަފަށް ދިއްކޮށްލީ ފައިސާއެވެ. އޭގައި ޝަދަފު ހިފުމާއެކު އޭނާގެ ކޮނޑުގައި ނަވާލު ޖަހާލީ ހުރިހާކަމެއް ވެސް ރަނގަޅުވާނޭ ބުނާފަދަ ގޮތަކަށެވެ. އަދި އޭނާ އެނބުރި އައިކޮޅަށް ހިނގައިގަތުމުން ޝަދަފު ބަލާލީ ކުރިމަތީ ހުރި އިމާރާތަށެވެ. މައްޗަށް ބަލާލުމާއެކު ސިކުނޑީގައި ފާއިޒު ބުނި އެއްޗެއް ތަކުރާރުކޮށްލިއެވެ. އަދި ކުރިއަށް ފިޔަވަޅު އަޅާލުމާއެކު ގޭތެރެއަށް ވަނެވެ. އެއްފަރާތުގައި ހުރި ސިޑިން މައްޗަށް އަރަންފެށުމާއެކު ޝަދަފުގެ ހިތް ބާރަށް ތެޅެން ފެށިއެވެ.
“ފޯތް ފްލޯރ” އެއްފަރާތުގައި ފާރުގައި ހަރުކޮށްފައި ހުރި ބޯޑު ކިޔާލުމާއެކު އެތަނުގައި ފެންނަން ހުރި ދޮރާ ދިމާލަށް ޝަދަފު ދިޔައެވެ. ދޮރުގައި ޓަކިދޭން އުޅެފައި ޝަދަފު ފަސްޖެހުނީ ކީއްވެކަމެއް ނޭނގެއެވެ. އިރުކޮޅަކު ދޮރާދިމާލަށް ބަލަހައްޓައިގެން ހުރެފައި ހަށިފުރާ ލީ ނޭވާއާއެކު ދޮރުގައި ޖަހާލިއެވެ. ހަރުކޮށްފައި ހުރި ބެލް ސުވިޗް ޝަދަފަށް ފެނުނީ ވެސް ދެނެވެ. އަވަސް އަވަހަށް އެސުވިޗަށް އޮބާލިއެވެ. ދެތިން ފަހަރަށް އޮބާލިފަހުން ކުޑަކުޑަކޮށް ދޮރުހުޅުވާލިތަން ޝަދަފަށް ފެނުނެވެ. އެދިމާލަށް ޝަދަފު ޖެހިލުމާއެކު އޭނާ ލަމުންދިޔަ ނޭވާވެސް ހުއްޓުނު ކަހަލައެވެ. އެތެރޭން ދޮރުގައި ހަރުކޮށްފައި ހުރި ޗޭނުކޮޅުގެ ސަބަބުން އެއްކޮށް ދޮރުނުހުޅުވުނެއްކަމަކު ޝަދަފަށް އޭނާގެ ކުރިމަތީ ހުރި ޢިޒްވާ ފެނުނެވެ. ދެމީހުންނަށް ވެސް ހުއްޓުން އަރާފައި އެކަކު އަނެކަކަށް ބަލަން ތިބެވުނީއެވެ. ނަމަވެސް ޢިޒްވާ އަވަސް އަވަހަށް ދޮރުލައްޕާލާފައި އެތެރެއަށް ވަނުމަށްއުޅުނެވެ. ޝަދަފުގެ ހަރަކާތްވެސް އަވަސްވެގެން ދިޔައެވެ. އޭނާ ޢިޒްވާ ދޮރުލެއްޕުމުގެ ކުރިން ދޮރުފަތުގައި ހިފޭއްޓިއެވެ.
“އާހް!” ދޮރުފަތްޖެހިލެއް ބާރުކަމުން ޝަދަފުގެ އަތަށް ތަދުވިއެވެ. އެއަޑު ޢިޒްވާއަށް އިވުމާއެކު ފަސް އެނބުރި ދޮރާ ދިމާލަށް ބަލާލެވުނެވެ. ދޮރުފަތުގެ ދޭތެރޭގައި ޝަދަފުގެ އަތްތިލަ އޮތްތަން ފެނި ޢިޒްވާ ދޮރުގައި އަޅުވާފައި ހުރި ޗޭނުކޮޅު ނައްޓާލުމާއެކު އަވަސް އަވަހަށް ދޮރުހުޅުވާލިއެވެ. އަދި ޝަދަފުގެ އަތްތިލަގައި ހިފާ ބަލާލިއެވެ. އެއަތަށް ގެއްލުމެއް ލިބުނުތޯއެވެ.
“އިޒޫ” ޝަދަފު، ޢިޒްވާގެ ކޯތާފަތުގައި އަތްތިލަ ޖައްސާލުމާއެކު ގޮވާލީ އަސަރުން ފުރިގެންވިފަދަ ގޮތަކަށެވެ. އެހިނދު ކުއްލިއަކަށް ޢިޒްވާ ފަހަތަށް ޖެހުނީ ޝަދަފުގެ އަތްފޮޅުވާލުމާއެކުއެވެ. އޭރު އެދެލޯ ފުރި ބަންޑުންވެއްޖެއެވެ. އަދި ޢިޒްވާ ނުރޯން މަސައްކަތްކުރާތަން ޝަދަފަށް ފެނިގެންދިއުމާއެކު އެހިތަށް ތަދުވިއެވެ. ނަމަވެސް ޢިޒްވާއާ ގާތަށް އަޅާލާ ކޮންމެ ފިޔަވަޅަކާއެކު ޢިޒްވާ އޭނާއާ ދުރަށް ފިޔަވަޅެއް އަޅައެވެ.
“އިޒޫ ޕްލީޒް” ޝަދަފުގެ އަޑުގައި ވެސް މަޑުރިހުމެއް އެކުލެވިފައި ވާކަހަލައެވެ. ދޮރުލައްޕާލުމާއެކު ޝަދަފު ވަށައިގެން ބަލާލިއެވެ. އެ އެޕާޓްމެންޓް ހީވަނީ ޢިޒްވާ އޭނާގެ މަންމައާއެކު އުޅެމުން އައި އެޕާޓްމެންޓު ހެންނެވެ. އެހާ ވެސް ކުޑައެވެ. ވަށައިގެން ބައިވަރު އެއްޗެހި ތަކެއްނެތެވެ. އެކަމުން ޝަދަފަށް އިޙްސާސްވެގެން ދިޔައީ ޢިޒްވާގެ އެކަނިވެރިކަމެވެ. އޭނާއަށް ދެލޯ މަރާލެވުނެވެ. އަމިއްލަ ނަފްސު ކުއްވެރިކުރެވެނީއެވެ. ޢިޒްވާއަށް އެހާލު ޖެއްސި މީހަކީ އޭނާކަމުގައި ވާތީއެވެ. ޝަދަފުގެ ކަންފަތުގައި ޢިޒްވާގެ ރުއިމުގެ އަޑުޖެހުނީ އެހެންހުއްޓައެވެ. އިތުރަށް ދުރުގައި އެންމެ ހިނދުކޮޅަކަށް ވެސް ޝަދަފަށް ކެތެއްނުވިއެވެ. ދުވެފައި އައިގޮތަށް އައިސް އެއަތުގެތެރައަށް ޢިޒްވާ ލިއެވެ.
“ޕްލީޒް އިޒޫ، އަހަރެން މިއައީނު، ދެން ނުޖެހޭނެ ރޯކަށް” މިހެން ބުނި އިރު ޝަދަފަށް ވެސް ރޮވެނީއެވެ. ޢިޒްވާ ޝަދަފުގެ އަތުގެތެރޭން ދުރަށް ދިޔައެވެ. އަދި ހިފެހެއްޓުމެއްނެތި ކަރުނަތަ ފައިބަމުންދިޔަ ލޮލުން ޝަދަފަށް ބަލަންހުއްޓެވެ.
“އަހަރެންގެ ދަރިފުޅު…” ޝަދަފުގެ އަނގައިން އެވަރަށް ބުނެވުނުތަނާ ޢިޒްވާ އައިސް ޝަދަފުގެ މޫނުގައި ޖެހިއެވެ. ނަމަވެސް ޝަދަފު އެއްވެސް އެއްޗެއް ނުބުންޏެވެ. ދެވަނަ ފަހަރަށް ވެސް ޢިޒްވާގެ އަތްނަގާ އޭނާގެ މޫނުގައި ޖައްސާލީ ޖަހާށޭ ބުނާފަދައިންނެވެ. އެހެންނަމަވެސް ޢިޒްވާއަށް އެހިތްވަރެއް ނުލިބުނެވެ. ހުރިދިމާލަށް ތިރިވީ ކޮޅަށް ހުންނަން އުނދަގޫވެގެންނެވެ.
“އަހަންނަށް… އަހަންނަށް…” ޢިޒްވާ ވާހަކަދައްކަން މަސައްކަތްކުރިއެވެ. އެކަމަކު އޭނާގެ ހިތުގައި ޖެހިފައިވާލެއް ބޮޑުކަމުން އަނގައިން ބުނެވޭގޮތެއް ނުވިއެވެ. އަނެއްކާ ވެސް ޝަދަފު އޭނާގެ އަތުގެތެރެއަށް ޢިޒްވާ ގެނެސްލިއެވެ. ވޭތުވެގެންދިޔަ އަހަރުތައް ޢިޒްވާއަށް ހޯދާނުދެވުނުކަމުގައި ވިޔަސް މިއަދު އޭނާ އެއައީ ދުވަހަކު ވެސް ޢިޒްވާ ދޫކޮށްލައިފައި ދާން ގަސްދުކޮށްގެންނެއްނޫނެވެ.
“އަހަންނަށް މާފުކުރާނަންތަ؟ އަހަރެން އަދިވެސް ބޭނުން އިޒޫ، ހުރިހާކަމެއް އަހަންނަށް އެނގިއްޖެ، މިއަދު އަހަރެން މިއައީ އަހަރެން އެންމެ ލޯބިވާ މީހާ އަނބުރާ ހޯދަންވެގެން، ހަނދާންނެތުނެއްކަމަކު އިޒޫގެ ޚިޔާލުތައް އަހަންނާ ވަތްކެއްނުވޭ، ޤަބޫލުކުރޭ އިޒޫ، އަބަދު ވެސް އަހަރެން ލޯބިވާ ހަމައެކަނި އިންސާނަކީ ތީ، އިޒޫއާ ނުލާ އަހަންނަށް ހަމަޖެހުމެއްނުވޭ، ޕްލީޒް، ދެން ނުރޮއެ، ބުނެބަލަ އަހަރެންދެކެ އަދިވެސް ލޯބިވެޔޭ” ޢިޒްވާގެ ކަންފަތްކައިރީ މަޑުމަޑުން ޝަދަފު ބުންޏެވެ.
“މިރާން…” ޝަދަފާ ދިމާލަށް އެނބުރިލި ޢިޒްވާ ދަރިފުޅުގެ ނަންކިޔާލުމާއެކު ބާރަށް ރޮވުނެވެ. ހީވީ ހިތުގައި އެތައްދުވަހެއްވާންދެން ހިފަހައްޓަމުން އައި ހިތްދަތިކަން ނުހިފެއްޓިގެން ބަންޑުންވިހެންނެވެ. އެތަންފެނި ޝަދަފަށް ވެސް ރޮވެނީއެވެ. ޢިޒްވާގެ ކޯތާފަތުގައި ދެއަތުން ހިފާލުމާއެކު އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. މަޑުމަޑުން ބޯޖަހަމުންދިޔައީ ދަރިފުޅުގެ ޚަބަރު އޭނާއަށް އެނގެޔޭ ބުނާ ފަދައިންނެވެ.
ވަގުތު ދިޔައީ ކިހިނެއްކަމެއް ވެސް ނޭނގެއެވެ. ކަރުނައަށް ނިމުމެއް އައިއިރު އެކަރުނައިގެތެރޭ ދެހިތްވަނީ އެކަކުއަނެކަކުގެ މައްޗަށް ސާފުވެއެވެ. ވަށައިގެންވި ފާރުގެ އެތެރޭ ޢިޒްވާގެ މަޑުގިސްލުމުގެ އަޑު ހަރުލާފައި ހުއްޓެވެ. ނަމަވެސް ޝަދަފުގެ ވަސްޖެހޭހާ ގާތުގައި އޭނާގެ އަތުގެތެރޭގައި ވުމުން އެހިތަށްވަނީ ހަމަޖެހުންލިބިފައެވެ. މިއަދު ކުރާނެ ޝަކުވާއެއް ނެތްކަހަލައެވެ. ދެލޯމަރާލައިގެން ޝަދަފުގެ އުނގުގައި ބޯއަޅާލައިގެން އޮތްއިރު އޭނާގެ އަތުގައި ޢިޒްވާ ބާރަށް ހިފާލައިގެން އޮތީ ދެންދުވަހަކު ވެސް އެއަތުން ދޫކޮށްލަން ބޭނުންނުވެފައެވެ. އެހެންއޮއްވާ ކުއްލިއަކަށް ކޯތާފަތަށް ފިނިކަން އިޙްސާސް ކުރެވިގެންދިޔައީ ޝަދަފުގެ ލޮލުން ވެއްޓުނު ކަރުނަތިކިންނެވެ. އަވަސް އަވަހަށް ތެދުވެ ޝަދަފަށް ބަލާލިއެވެ.
“އަހަރެން ހިޔެއްނުކުރަން އަހަރެންގެ އިންތިޒާރަށް ދުވަހަކު ވެސް ނިމުމެއް އަންނާނެކަމަކަށް، އަހަންނަކީ ހަމައެކަނި ޝަދަފުގެ ހައްޤެއް، ކީއްވެތަ އަހަރެންލައްވާ އެހާދިގު އިންތިޒާރެއް ކުރުވީ، އަހަރެން ލޯބިވާވަރު ނޭނގޭތަ، ޝަދަފާ ނުލާ އަހަރެން ކިހާ އެކަނިވާނެކަން ނޭނގޭތަ، އަހަރުމެންގެ ކުޑަކުޑަ މިރާން، އެކުއްޖާ އަހަންނަށްވުރެ ޝަދަފުދެކެ ލޯބިވާކަން ނޭނގޭތަ، އަހަންނަށްޓަކައި ނޫނަސް އެދަރިފުޅަށްޓަކައި ޝަދަފު އައިނަމަ، ކީއްވެތަ ތިހާ ލަހުން ތިއައީ، އެހެންނޫންނަމަ އަހަރުމެންގެ ދަރިފުޅު ވެސް ހުރީސް، ޝަދަފަށްޓަކައި އެކުއްޖާ ރުއިވަރާ ގޮވާއަޑު މިކަންފަތަނުން ނުފިލި، އަބަދު އެއަޑުއިވޭކަހަލަ، އަހަރެންގެ އަތުން ހުރިހާ އުފަލެއް ގެއްލިދިޔައީ، ކީއްވެތަ ޝަދަފު، ކީއްވެތަ އަހަންނަށް އެހެންވާންވީ، އަހަންނަކީ ރަނގަޅު މީހަކީ ނޫންތަ” އިސްޖެހިފައި އިން ޝަދަފުގެ މޫނުގައި ދެއަތުން ހިފަހައްޓާލުމާއެކު ދެލޯ ފޮހެލަދެމުން ޢިޒްވާ ވާހަކަދެއްކިއެވެ.
“އިޒޫއަކީ ގޯސްމީހެއްނޫން، ތިހެން ހީނުކުރޭ، މިރާންއަށްޓަކައި އެދަރިފުޅު އެންމެ ބޭނުންވި ދުވަހު ގާތުގައި ނުހުރެވުނީތީ އެކަމާ އަހަރެން ރިގްރެޓްވޭ، އެކަމަކު އެވަގުތުތައް އަލުން އަނބުރާ ހޯދާނީ ކިހިނެއް، އެންމެ ބޮޑަށް ރިގްރެޓްވަނީ އިޒޫއަކީ އަހަރެންގެ އަނތްބަކަށްނުވާތީ، އަދި މިއަދު އެމާޤާމު އަހަރެން އެއްވެސް މީހަކަށް ދޭން ބޭނުންނުވިޔަސް އެމަޤާމުގައި އިޒޫ ނޫން އަންހެނަކު އިންކަން، މިރާން ނޫން ދަރިއަކު އަހަރެންގެ އޮތްކަން، އެމީހުންނަށް އަހަރެންގެ ހިތުގައި ކުޑަވެސް ކުލުނެއްނުވާކަން، އިޒޫ، އައި ރިއަލީ ޑޯންޓް ކެއަރ އަބައުޓްދެމް” ޝަދަފު، ޢިޒްވާގެ ދެއަތުގައި ހިފާ ބާރުކޮށްލިއެވެ. އަދި ވެރިވެގެން ދިޔަ ހިމޭންކަމާއެކު ޝަދަފުގެ މޭގައި ބޯއަޅާލައިގެން ޢިޒްވާ އިނެވެ.
ނިދިފައި އިން ޝަދަފު ސިއްސައިގެން ދިޔައީ ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ. ލޯހުޅުވާލުމާއެކު އޭނާގެ އަތުގެތެރޭގައި ޢިޒްވާ ނެތުމުން ފުންމައިގެން ތެދުވެވުނެވެ. ފޯނަށް ޖަވާބު ދިނުމުގެ ބަދަލުގައި އޭނާ ޢިޒްވާއަށް ގޮވަންފެށިއެވެ. އަދި އެތަނުގައި ހުރި ހަމައެކަނި ކޮޓަރިއަށް ވަނުމަށް ޝަދަފު އައިސް ދޮރު ހުޅުވާލިއެވެ. އެއާއެކު ކޮޓަރިތެރޭ ތުވާއްޔަކުން އިސްތަށިގަނޑު ހިއްކަން ހުރި ޢިޒްވާ ފެނި ތުންފަތަށް ހިނިތުންވުމެއްވެރިވެގެން ދިޔައެވެ. ޝަދަފަށް ބަލާލި ޢިޒްވާ ނިތްއަރުވާލީ ކިހިނެއްތޯ ވީ އަހާލުމަށެވެ. ދެފަރާތަށް ބޯހޫރާލާފައި ޝަދަފު އެކޮޓަރިން ނުކުތެވެ. އަދި ފޯނު ނަގާ ބަލާލިއެވެ.
“އައެމް އޯކޭ، ގެއަށް ދާންވީ ވަގުތު ޖެހިއްޖެ، އިރުކޮޅަކުން އަހަރެން ދާންނަން، ނަވާ އެބަޖެހޭ އަހަންނަށް ކަމެއްކޮށްދޭން، އަހަރެން ބޭނުމެއްނޫން ރީޝަމްއާ އިނދެގެން އުޅޭކަށް، އެހެންނޫނަސް އަހަރެން މިހާރު ޤަބޫލެއްނުކުރަން އެއީ އަހަރެންގެ އަނތްބެއްކަމަކަށް، މަންމަމެންނަކަށް ނޭނގޭނެ އަހަރެން ކަންތައްކުރާނެ ގޮތެއް، އެމީހުން ހިތްހަމަޖައްސައިގެން ވަރަށް ދުވަހު އުޅެވިއްޖެއެންނު، އެކަމުން އަހަންނަށް ލިބުނު ހިތްހަމަޖެހުމެއްނެތް” ޝަދަފަށް ގުޅި ނަވާލާ އޭނާ ވާހަކަދެއްކިއެވެ. ފޯނުކޯލު ނިންމާލާފައި އެނބުރުނު ވަގުތު ޢިޒްވާ އޭނާއަށް ކޮފީ މަގެއް ދިއްކޮށްލިއެވެ. ޝަދަފުގެ މޫނުމަތި އުޖާލާވެގެންދިޔައެވެ.
“އަހަރެން ބޭނުން ޝަދަފާ ވާހަކައެއް ދައްކަން، އާދެބަލަ މިތާ އިށީންނަން” ކާމޭޒާ ދިމާލަށް ދިޔަ ޢިޒްވާ ބުންޏެވެ.
“އިޒޫ، ވޭތުވެދިޔަ ދުވަސްތައް އަހަންނަށް އަނބުރާ ހޯދައެއްނުދެވޭނެ، އެކަމަކު މިއަދު އިޒޫއަކީ އަހަރެންގެ އަނތްބެއްނޫންކަން އެނގުނީތީ ބޭނުންވަނީ އެކަން ބަދަލުކުރަން، ބުނެބަލަ، އަހަންނާ އަލުން ކައިވެނި ކުރާނަންތަ؟” ކޮފީ މަގު މޭޒުމަތީ ބަހައްޓާލާމުން ޝަދަފު އޭނާގެ ސަމާލުކަން ޢިޒްވާއަށް ހުއްޓާލިއެވެ. އަދި ބޭނުންވީ ޢިޒްވާ އެއްޗެއް ބުނުމުގެ ކުރިން އޭނާގެ ސިކުނޑީގައި އޮތް ޚިޔާލު ޢިޒްވާގެ ކުރިމައްޗަށް ހުށަހަޅާށެވެ.
“ޝަދަފު…” ޢިޒްވާ އެއްޗެއް ބުނަންއުޅެފައި އިސްޖަހާލީ ޝަދަފު ބުނިއެއްޗަކާމެދު ވިސްނާލާފަދައިންނެވެ.
“ކީއްވެ އެއްޗެއް ނުބުނީ، އަހަންނަށް އިޒޫ މާފުނުކުރާނީތަ؟ ނޫނީ އިޒޫ ބޭނުންނުވަނީތަ އެމަޤާމުގައި ހުންނަން” ޝަދަފު ބޯއަރިކޮށް ޢިޒްވާއަށް ބަލާލީ އެމޫނުގެ ކުލަވަރު ދެނެގަންނަން ބޭނުންވެފައި އިންހެންނެވެ.
“ޝަދަފުގެ އަނތްބެއްގެ މަޤާމުގައި އަހަންނަށް އިނދެވުމީ އަހަންނަށް ލިބޭނެ އެންމެ ބޮޑު ޝަރަފާ ހިތްހަމަޖެހުން، މިދުނިޔޭން އަހަރެން އެދޭ ހަމައެކަނި ކަމަކީ އެއީ، އެކަމަކު…” ޢިޒްވާގެ ވާހަކަ މެދުކަނޑާލީ އޭނާ އިތުރަށް ބުނަން ބޭނުންނުވާފަދަ ވާހަކަތަކެއް ހުރިހެންނެވެ. އެކަން ޝަދަފަށް ފާހަގަވެ ސުވާލުކުރިއެވެ.
“އެކަމަކު ކިހިނެއްވީ؟” ޢިޒްވާ ބުނާނެ އެއްޗަކާމެދު ޝަދަފު ކަންބޮޑުވިއެވެ.
“ދެންމެ ކޮންވާހަކައެއްތަ ނަވާއާ ތިދެއްކީ” ޢިޒްވާ އިރުކޮޅަކު ހިމޭނުން އިނދެފައި ޝަދަފަށް ބަލާލަމުން އަހާލިއެވެ.
“އަހަރެން އިޒޫއާ ކައިވެނިކުރަން ބޭނުންވާތީ ނިންމަން ހުރި ބައެއްކަންތައްތަކުގެ ވާހަކަ ނަވާގާތު ބުނެލީ، އޭނަ އެގުޅީ، އަހަރެން މިގެއަށް ގެނެސްދިނީ ނަވާ، އެހެންވެ އަހަންނަށް ވީގޮތެއް ބަލަން އެނގުޅީ” ލުއިހިނިތުންވުމެއް ޝަދަފުގެ ތުންފަތުގައި ދުވެލިއެވެ.
“ރީޝަމް އާއި ދަރިފުޅަށް ވާނީ ކިހިނެއްކަން އެނގެން އަހަރެން ބޭނުން” ކަންބޮޑުވެފައި އިންފަދަ ގޮތަކަށް ޢިޒްވާ، ޝަދަފަށް ބަލަމުން ދިޔައެވެ.
“އެމީހުންނަކީ އެއްވެސް އިރަކު އަހަރެންގެ ދިރިއުޅުމަށް މުހިންމު ބައެއްނޫން، އެހެންވީމަ އަހަރެން އަލަށް ފަށަން މިއުޅޭ ހަޔާތާ އެމީހުންނާ އެއްވެސް ގުޅުމެއް ނޯންނާނެ، އެމީހުން ބޭނުންގޮތަކަށް ކަންތައްކުރިޔަސް އެއީ އަހަންނާ ބެހޭ ކަމެއްނޫން” ޝަދަފު މިހެންބުނިއިރު އޭނާގެ މޫނުމަތިން ރީޝަމްދެކެ ފޫހިވެފައި ހުރިވަރު ނުދައްކާވޭތޯ ވަރަށް މަސައްކަތްކުރިއެވެ.
“ޝަދަފު، ދަރިއަކަށް މަންމަގެ ލޯތްބާ އަޅާލުމާ އެއްވަރަށް ބައްޕަގެ ލޯތްބާ ރައްކާތެރިކަން ވެސް ބޭނުންވޭ، އެދެމައިން ދޫކޮށްލައިފިއްޔާ އެމީހުންނަށް އެދެވެނީ ކިހާބޮޑު ނިކަމެތިކަމެއް، އަހަންނަށް ޔަޤީން ޝަދަފުގެ މަންމަމެންގެ ހިތް އަހަރެންގެ މައްޗަށް ދުވަހަކު ވެސް އޭރުން ހެވެއްނުވާނެކަން، އަނެއްކާ ވެސް އުފެދޭނީ ބޮޑު ކޯޅުންގަނޑެއް، މިކަމަށް ދުވަހަކު ވެސް ނިމުމެއްނާންނާނެ” ޢިޒްވާ މާޔޫސްކަމާއެކު ބުނެލިއެވެ.
“މަންމަމެންގެ ވިސްނުން ދުވަހަކު ވެސް ބަދަލެއްނުވާނެ، އަހަރެން މިހާރު ނޫޅެން އެމީހުންގެ ވިސްނުން ބަދަލުކުރާކަށް ވެސް، ޢިޒޫ، އަހަރެންގެ ނިންމުން ބަދަލުކުރަން މަސައްކަތް ނުކުރޭ، ދެން އިރާދަކުރެއްވިއްޔާ އަހަރެން ހުންނާނީ ހަމައެކަނި އިޒޫގެ މީހެއްގެ ގޮތުގައި، އިޒޫ އަހަންނާ އިންނަން ބޭނުންނުވަންޏާ ނީނަސް އެންމެ ރަނގަޅު، އެކަމަކު އަހަރެންގެ އަނތްބެއްގެ މަޤާމުގައި އިޒޫ ނޫން މީހަކު ދެން ނުބަހައްޓާނަން، އިޒޫއަށްޓަކައި މުޅި އުމުރު ދުވަހު އިންތިޒާރުކުރަން ޖެހުނަސް އަހަރެން ކެތްތެރިކަމާއެކު އިޒޫ އަހަންނަށް ލިބޭނޭ ދުވަހަކަށް އިންތިޒާރުކުރާނަން” ޝަދަފު ގޮނޑިން ތެދުވެގެން އައިސް ޢިޒްވާގެ ކޮނޑުގައި ހިފާ ގާތްކޮށްލިއެވެ. އަދި ލޯތްބާއެކު ޢިޒްވާގެ ބޮލުގައި ފިރުމާލިއެވެ.
“އިޒޫ، އަހަރެން މިގޮތަށް ނިންމަންޖެހުނީ ސަބަބެއްނެތިއެއްނޫނޭ، އަހަރެންގެ އަމިއްލަ ޢާއިލާ އަހަންނަށް އެވަރަށް އޮޅުވާލަފާނެއެކޭ ހިތަކަށް ނާރާ، އިޒޫދެކެ އަންނަ ރުޅިން، އަހަރެން އަލުން އިޒޫއާ ގުޅިދާނެތީ އެމީހުން ހުރިހާ ކަމެއް އަހަންނަށް އޮޅުވާލީ، އެމީހުން ބުނާގޮތުންނަމަ އަހަރެން ދުވަހަކުވެސް މީހަކާ ނީނދޭ، ދެން ކިހިނެއް ދަރިއަކު ހުންނާނީ، އަހަރެން ގެއަށް އައިއިރު އަހަރެން އުޅޭ ކޮޓަރި ވެސް ހުރީ ބަދަލުކޮށްފައި…” ޝަދަފުގެ އެކްސިޑެންޓަށްފަހު ކަންތައް ދިމާވި ގޮތް ވަރަށް ތަފްޞީލުކޮށް އޭނާ ޢިޒްވާއަށް ކިޔައިދިނެވެ. ރީޝަމްއާ އިންނަން ޖެހުނު ގޮތާއި އޭނާ ވެސް ޝަދަފަށް އޮޅުވާލި ވަރެވެ. ޝަދަފު ބޭނުންވި ފަދަ ރަނގަޅު ރަޙުމަތްތެރިއަކަށް ވެސް އޭނާއަށް ނުވެވުނެވެ.
ހުރިހާ ވާހަކައެއް ޢިޒްވާ އަޑުއެހީ މަޑުމައިތިރިކަމާއެކުއެވެ. އޭނާ އިންގޮތުން ހީވަނީ އެއްވެސް އެއްޗެއް ބުނަން ބޭނުންނުވެފައި އިންހެންނެވެ. ނޫނީ ޝަދަފު އޭނާ ބުނާ ގޮތަށް ކަންތައްނުކުރާނެކަން ޔަޤީންވާތީ އެކަމާ ފާޑުކިޔަން ބޭނުންނުވަނީއެވެ. ޝަދަފު، ޢިޒްވާގެ މޫނުގައި ދެއަތުން ހިފާ އޭނާއާ ދިމާލަށް އުފުލާލިއެވެ.
“އިޒޫ، އަހަރެން މިވަގުތު ގޮސްލާނަން، އިޒޫގެ ފޯނުގައި އަހަރެންގެ ނަންބަރު ސޭވްކޮށްދީފައި އޮންނާނީ، އަދި އަހަރެން އިޒޫގެ ފަރާތުން ޖަވާބެއް ބޭނުންވޭ، އެޖަވާބު ހޯދުމަށް އިރުއޮއްސޭކަން ހާއިރު އަންނާނަން” ޝަދަފު މިހެން ބުނެ ޢިޒްވާގެ ނިތްކުރީގައި ބޮސްދީފައި އެއެޕާޓްމެންޓުން ނުކުންނަން ހިނގައިގަތެވެ.
ޝަދަފު ނުކުމެގެން ދިޔަ ދޮރާ ދިމާލަށް ޢިޒްވާ ބަލަހައްޓައިގެން އިރުކޮޅަކު އިނެވެ. އޭރު ވެސް އޭނާގެ ސިކުނޑިވަނީ ނޭނގޭ ހާސްކަމެއްގެ ތެރޭގައެވެ. ޝަދަފުގެ ނިންމުމާމެދު ޢިޒްވާއަށް ވިސްނެނީއެވެ. ޝަދަފުގެ ޢާއިލާއިން އޭނާ ބަލައިގަންނާނެ ދުވަހެއް ދެކެން ޢިޒްވާ ބޭނުންވެއެވެ. ނަމަވެސް ޝަދަފުގެ ނިންމުމުގެ ސަބަބުން އެކަން އެގޮތަށް ނުވާނެކަން އެނގެއެވެ. ޢިޒްވާއަށް ރީޝަމް ފެނުނީ އެންމެ ފަހަރަކުއެވެ. ރީޝަމްއަކީ އެހެން އަންހެނަކާ ޝަދަފު ޙިއްޞާކުރާނޭ މީހެއް ނޫނެވެ. ޢިޒްވާގެ ހިތުގައި ވެސް އޮތީ އެފަދަ އިޙުސާސްތަކެކެވެ. އޭނާއަށް ވެސް ޝަދަފު އެހެން އަންހެނަކާ ޙިއްޞާކުރުމަކީ އެންމެ ކުރަން ބޭނުންނޫންކަންތަކެވެ. އެހެންނަމަވެސް އަމިއްލަ އެދުން އިސްކުރަން ޢިޒްވާ ޖެހިލުންވަނީއެވެ. އެއީ ރަނގަޅުގޮތް ނޫނޭ ހިތައް އަރާތީއެވެ. ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައިން ޢިޒްވާ ފޯނު ނަގާ ނަންބަރު ލިސްޓު ހޯދަން ފެށިއެވެ. ނަވާލުގެ ނަންބަރު ފެނުމާއެކު އަވަހަށް ގުޅާލިއެވެ.
“ހެލޯ، ނަވާލު، މީ ޢިޒްވާ، ވާހަކައެއްދައްކާލަން ވެގެން މިގުޅީ، ޝަދަފާއެކުތަ ތިއުޅެނީ” ޢިޒްވާގެ އަޑުން އޭނާ ޖެހިލުންވެފައި ހުރިކަން ނަވާލަށް ވެސް ފާހަގަކުރެވުނެވެ.
“ޑިފީ ބަލާ އައިސް މީނީ، އަދި ފެރީ ކައިރިއެއްނުކުރޭ، މިވަގުތު މިއިނީ އެކަނި” ގިނަ ދުވަސްތަކަކަށްފަހު ޢިޒްވާގެ އަޑުއިވުމުން ނަވާލު ވެސް އިނީ ޢިޒްވާ ބުނަންއުޅޭ އެއްޗެއް އަޑުއެހުމުގެ ޝައުގުވެރިކަމުގައެވެ.
“ނަވާ ބުނީތަ ޝަދަފު ގާތު ރީޝަމްއާ ވަކިވާން” ޢިޒްވާ އަހާލިއެވެ.
“އިޒޫ، ޑިފީގެ ނިންމުމަކީ އޭނާގެ އަމިއްލަ ނިންމުންތަކެއް، އޭނާ ބޭނުންވީ އިޒޫ ހޯދަން، އަހަރެން ޑިފީއަށް އޭނާގެ އިޒޫ ހޯދާ ދީފިން، އިތުރަށް ކަންތައްކުރާނެގޮތެއް އެނގޭނީ ތިދެމީހުންނަށް، ކޮންމެ ގޮތަކަށް ނިންމިކަމުގައި ވިޔަސް އަހަރެންގެ ސަޕޯޓު ތިދެމީހުންނަށް ލިބޭނެ، އިޒޫ، އެންމެނާ މެދު ވިސްނުމަކީ ވެސް ގޯހެއްނޫން، އެކަމަކު ތިމާ އަމިއްލަ އުފަލާމެދު ވެސް ވިސްނަންވާނެ، ތިމާ އުފަލުގައި ހުރެގެން ނޫނީ އެހެންބަޔަކަށް އަޅައެއްނުލެވޭނެ، އިޒޫއާ ޑިފީ ވަކިވުމަކީ އަހަރެން ދެކެން ބޭނުންވާ ދުވަހެއްނޫން، ޑިފީގެ ހިތުގައި އިޒޫގެ މައްޗަށް އޮތް ފީލިންގްސްއަށް ބަދަލެއް ނާންނަކަން އަހަންނަށް އެނގޭ، އެކަން މިހާރު އިޒޫއަށް ވެސް އެނގޭނެ ކަންނޭނގެ، އިޒޫ ތިގުޅީ ޑިފީގެ ނިންމުންތައް ބަދަލުކުރަން ބޭނުންވެގެންނަމަ އަހަރެން ތިގޮތަށް ވާހަކަދައްކަފާނަން، އެކަމަކު ޑިފީއަކީ އޭނާ ބޭނުންވާ ގޮތުގައި ހިފަހައްޓާމީހެއް، އޭނާގެ ނިންމުން ބަދަލުކުރެވޭނެކަމުގެ ޔަޤީންކަމެއް އަހަންނަކަށް ނުދެވޭނެ” ނަވާލު ބުންޏެވެ.
“ތޭންކިޔު” އިތުރަށް ޢިޒްވާ އެއްޗެއް ބުނަން ބޭނުންނުވީއެވެ. ފޯނުކޯލު ނިންމާލުމާއެކު ޢިޒްވާ ހަށިފުރާލީ ނޭވާއެއްލަމުން އަވަސް އަވަހަށް ސަމަރްއަށް ގުޅިއެވެ. އަދި ވަރަށް އަވަހަށް އެގެއަށް އައިސްދިނުމަށް އެދުނެވެ. އަވަސް ނިންމުންތަކެއް ނިންމަންޖެހިފައި އޮތް އިރު ހަދާނެގޮތެއް ނޭނގި ޢިޒްވާގެ ސިކުނޑި ހާސްކަމެއްގެ ތެރޭގައި ވެއެވެ.
ޝަދަފާ ނަވާލު ދިމާވުމާއެކު އެމީހުން ދިޔައީ ގެއަށެވެ. ނަވާލުގެ ޚާއްޞަ ވަކީލާ ބައްދަލުކުރަން ގަޑި ހަމަޖެއްސުމާއެކު ތާޒާވެލައިގެން ނުކުން ޝަދަފު ހެނދުނުގެ ނާސްތާކުރީ ނަވާލުމެންގޭގައެވެ. އެޢާއިލާގެ މެންބަރުންނާއެކުއެވެ. އަމިއްލަ ގެއިން އިޙްސާސްނުކުރެވޭހާ ގާތްކަން މިއަދު ދުރުހިލޭ ބައެއްގެ ފަރާތުން ޝަދަފަށް އިޙްސާސްކުރެވުނެވެ. ނަވާލު، ޝަދަފު ގޮވައިގެން އައީ އެދެމީހުން އެކުގައި ހިންގަންފެށި ކުންފުނީގެ އޮފީސް ހުންނަ އިމާރާތުގެ ތެރެއަށެވެ. އެތަނަށް ވަދެވުމާއެކު ޝަދަފަށް ކުރީގެ ހަނދާންތަކެއް އާވެގެންދިޔައެވެ. އަހަރުތަކަކަށްފަހު ވަންއިރު ވެސް ޝަދަފުގެ މޭޒު ހުރިގޮތަށް ހުއްޓެވެ. އެމޭޒުމަތީގައި ހުރި އެއްވެސް އެއްޗެއްގައި މީހަކު އަތްލައިފައި ނުވާ ކަހަލައެވެ.
“ނަވާއަށް އެނގޭތަ އަހަރެން އެނބުރި އަންނާނެކަން، އައި ޖަސްޓް ކާންޓް ބިލީވްދިސް” ޝަދަފު އޭނާގެ މޭޒާދިމާލަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ.
“މީ އަހަރުމެން ދެމީހުންގެ ވިޔަފާރި، މިތަނުގައި ވަނީ ހަމައެކަނި އަހަރެންގެ ޙިއްޞާނޫން، އަހަރެން ހިތްހަމަޖެހޭ ޑިފީގެ މޭޒުއެތަނުގައި ހުރީތީ، ހިތަށް އަރާ ކޮންމެވެސް ދުވަހަކުން ޑިފީ އެނބުރި އަންނާނެއޭ، ޑިފީގެ އެކައުންޓުތަކަށް އެކްސެސް ހޯދަންވެގެން ތިފެމެލީގެ ވަކީލު އައި، ނަސީބެއް ކޮމްޕެނީ ނަމުގައި އެކައުންޓް އޮތްކަން އެހެންނޫންނަމަ އެމީހުން މިކޮމްޕެނީއަށް ވެސް ނުފޫޒު ފޯރުވީސްކަން ޔަޤީން، އަހަރެން ވަރަށް މަސައްކަތްކުރިން އިޒޫއަށް ޑިފީގެ ޙިއްޞާތައްދޭން، އެކަމަކު އޭނަ އެއްގޮތަކަށް ވެސް ޤަބޫލެއްނުވި” ނަވާލު، ޝަދަފުގެ ކޮނޑުގައި ޖަހާލަމުން ބުންޏެވެ.
“އަހަންނަށް އެނގޭ އިޒޫ ބޭނުމެއްނޫވާނެކަން، ނަވާއަށް އެނގޭތަ، އިޒޫ ބޭނުމެއްނުވޭ އަހަރެން ރީޝަމްއާ ދަރިފުޅާ ދުރުވާކަށް، އެކަމަކު އަހަރެން ބޭނުމެއްނޫން އިޒޫ ނޫން މީހަކު އަހަރެންގެ އަނތްބެއްގެ ގޮތުގައި ބަހައްޓާކަށް، މިއަދު ހުރިހާކަމެއް ނިންމާލެވެންޏާ ނިންމާލަދޭންވާނެ، އިޒޫ ގާތު ބުނެފަ މިއައީ އޭނާ ނިންމާގޮތެއް އޮޅުންފިލުވަން ފަހުން ދާނަންކަމަށް” ޝަދަފު ބުންޏެވެ.
“ޑިފީ، އީވާގެ ކުށަކީކޮބާ؟ ދަރިފުޅާމެދު ކުޑަކޮށްވެސް ނުވިސްނަންތަ؟ ރީޝަމްގެ ދަރިއެއެއް އެކަންޏެއްނޫން އެއީ، އެކުއްޖާ އޭނާގެ ބައްޕައަށް ބޭނުމެއްނުވާނެތަ، މިރާން އޭނާގެ ބައްޕައަށް ބޭނުންވެގެން އުޅުނުގޮތް އަހަރެން ދެކުނިން، އީވާ ބޮޑުވާއިރު ޑިފީގެ މައްޗަށް ނަފުރަތުކުރުން އެއީތަ ޑިފީ ބޭނުންވާގޮތަކީ، އަހަރެން ބުނަން މިއުޅެނީ ކޮންމެހެން ޑިފީގެ ނިންމުން ބަދަލުކުރާށެކޭ ނޫން، އެކަމަކު ދަރިފުޅަށް ދެރަވާނޭ ފަދަ ގޮތަކަށް އެއްވެސްކަމެއް ނިންމުމަކީ ހައްލެއްކަމުގައި އަހަރެން ނުދެކެން” ނަވާލު ވާހަކަދެއްކީ ޢިޒްވާ ދެއްކިވަހާކަތަކަށް ވިސްނަމުންނެވެ.
“އެހެންވެއޭ ވަކީލެއް ބޭނުންމިވަނީ، އަހަރެން ޤަބޫލުކުރަމޭ އިވާއަކީ އަހަރެންގެ ދަރިއެއްކަން، އެކަމަކު އެކުއްޖާގެ މުސްތަގުބަލް އަނދިރިވާކަށް އަހަރެން ނޭދެން، އަހަރެން ބޭނުންވަނީ ރީޝަމްގެ އަތުން ދަރިފުޅު އަތުލަން، އެނގޭ ދަރިފުޅު ވަރަށް ކުޑަކަން، އެހެންވިޔަސް ކޮންމެ ހާލެއްގަވިޔަސް އެކުއްޖާ އަތުލަން އަހަރެން ބޭނުން، ނަވާ، އަހަންނަށް މިކަމުގައި އެހީވެދީ، ހެޔޮ ކޮންމެކަމެއް ކުރަން ޖެހުނަސް، އަހަރެން ކުރަން މިހިރީ ތައްޔާރަށް، އެމީހުން އަހަރެންގެ ކައިވެނި ކުރުވީ އަހަންނަކީ ބަލިމީހެއްގެ ގޮތުގައި ހުއްޓާ، އަނެއްކާ އޭރު އަހަރެންގެ އަނތްބަކާ ދަރިއަކު ހުރިކަން އެމީހުން އެވަނީ ސިއްރުކޮށްފައި، އެވަރުގެ ބައެއްގެ އަތުގައި އީވާ ބޮޑުވާން އަހަރެން ދޫކޮށްލާނެތަ” ޝަދަފު އޭނާ ބޭނުންވާގޮތް ހާމަކުރިއެވެ. ހަޤީޤަތުގައި އޭނާ ބޭނުންވަނީ ޢިޒްވާއާއެކު އާހަޔާތެއްފަށާއިރު އެމީހުންގެ ގާތުގައި އީވާ ހުންނާށެވެ. ޝަދަފުގެ ދަރިއަކަށް ޢިޒްވާއަށްވުރެ ރަނގަޅު މަންމައެއް ހޯދައެއް ނުދެވޭނެކަމުގައި ދެކޭތީއެވެ.
ނަވާލާއި ޝަދަފު އެމީހުންގެ އޮފީހުގައި ވަކީލާ ބައްދަލުކުރުމަށްފަހު ޝަދަފު ބޭނުންވާ ގޮތް ހާމަކުރިއެވެ. ޝަދަފު ބޭނުންވަނީ އޭނާގެ ޢާއިލާއިން ރޭވިފަދަ މޮޅު ރޭވުމަކުން ހުރިހާކަމެއް ނިންމާލާށެވެ. ކުޑަތަންފުކެއްވެސް ދޫލިބޭނޭފަދަ ޖާގައެއް ދޫނުކޮށެވެ. އެމީހުން ޢިޒްވާ ވެސް ބައްދާލީ ހަމައެފަދައިންވިއްޔާއެވެ. މިއަދު މީ ޝަދަފުގެ ފަހަރެވެ.
ރީޝަމް މޫނުމަތިން ފެންނަމުންދާ އުދާސްކަން ޒަބާގެ ހިތަށް އުނދަގޫކުރަމުންދިޔައެވެ. އެމަންޒަރުތައް ބަލަން އޭނާއަށް ކެތެއްނުވާނެއެވެ. ކޮޓަރިތެރޭ ދެކޮޅަށް ހިނގަ ހިނގާ ހުއްޓާ އެތަނަށް ވަނީ ރަސަލްއެވެ. އޭނާއަށް ޒަބާގެ ނުތަނަވަސްކަން ފެނި އައިގޮތަށް އައިސް އަނބިމީހާގެ ދެކޮނޑުގައި ހިފާ އޭނާއާ ދިމާލަށް އަނބުރާލިއެވެ.
“ތިހެން ދެކޮޅަށް ނުހިނގާ ނިކަން އަހަރެން ގާތު ވެސް ބުނެބަލަ” ރަސަލް ބުންޏެވެ.
“ޑިފީ ކީއްވެތަ އެހެން އެހަދަނީ، އީވާއަކީ އޭނާގެ ދަރިއެއް، ރީޝް އެއީ އޭނާގެ އަނބިމީހާ، ހިތަށް އަރާ ފުލުހުންނަށް ގުޅައިގެން ގެއަށް ގެންނަންވީއޭ ގަދަކަމުން، އެހެންޏާ ފަހެ މީދެން ބޮޑުވަރެއްނު، ހުރީ ކޮންތާކުކަމެއް، ކުރަނީ ކީއްކަމެއް އެނގެނީއެއްނޫން” މޫނު ހަދާލަމުން ޒަބާ ވާހަކަދެއްކިއިރު ހީވަނީ ކެކިގަތް ކުރައަކުން އާވިތައް ނެރެލިހެންނެވެ.
“ހަމަޖެހިބަލަ ޒަބާ، ޑިފިއަކީ ވިސްނޭ ޒުވާނެއް، އޭނާ އަހަރުމެންގެ ރީޝަމްއަށް ދެރައެއްނުދޭނެ، އަހަންނަށް ހީވަނީ ވަރަށް ބޮޑުކަމެއް ދިމާވެގެންހެން އޭނާ އެއުޅެނީ، ފަހަރެއްގައި ވެދާނެ ޢާއިލާ އެކަމުގެތެރެއަށް ވައްދަން ބޭނުންނުވަނީހެން، ޒަބާ ތިހާ ކަންބޮޑުވެގެން އުޅޭކަން ރީޝްއަށް އެނގިއްޖެއްޔާ އޭނާ އަދި މާހާސްވާނެ، އަހަރެން އެބަ ބަލަމޭ އެކުއްޖާގެ ޚަބަރެއްވޭތޯ” ރަސަލް ބޭނުންވީ މައްސަލަ އިތުރަށް ގޯސްވިޔަ ނުދޭށެވެ. ހަޤީޤަތުގައި އޭނާ ވެސް ހުރީ ޝަދަފު އެއުޅޭ ގޮތުން ހައިރާންވެ ކަންބޮޑުވެފައެވެ.
* * * *
“އީޝާ، ދަރިފުޅު ދޭބަލަ ރީޝްއާ ވާހަކަދައްކާލަން، މަންމަ ބުނެބުނެ ވެސް ކާކަށް ނައި، އެހެންނުވާނެ އެންނު އޮންނާކަށް، ރީޝް އެހެން އުޅެންޔާ އެކަމުގެ އަސަރު އީވްއަށް ނުކޮށެއް ނުހުންނާނެ” ކަންބޮޑުވުމާއެކު ދެފަރާތަށް އަސްމަހާނު ބޯހޫރާލިއެވެ.
ޝަދަފު ގޭގައި ނެތްކަން އެނގުނީއްސުރެން ފެށިގެން ގެއަށް ވެރިވެގެންދިޔަ ހާސްކަން ވަނީ އިތުރުވެފައެވެ. އެކަމުގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ރީޝަމްއަށެވެ. އޭނާއާ ޝަދަފު ވާހަކަދެއްކި ގޮތުންނާއެކުއެވެ. އެޢަމަލުގެ ސަބަބުން ރީޝަމް ކުރަމުން އައި އުންމީދުތައް ވިއްސިވިހާލި ވެދާނެކަމުގެ ބިރު ހީވެފައިވާތީއެވެ. ޝަދަފުގެ ހިތް މިލްކުވެދާނޭ ކަމުގައި އޭނާ މިދުނިޔެއަށް އުފަންކުރި ދަރިފުޅަށް، އެކުއްޖާގެ ބައްޕަ ގެއްލެން ދުވަހަކު ވެސް ބޭނުންނުވާތީއެވެ. ހުރިހާކަމަކާ ވިސްނިވަރަކަށް ރުއިން ނޫންކަމެއް ރީޝަމްއަށް ނުކުރެވެއެވެ. އަބަދުހެން ރީޝަމް އިންނަނީ ދަރިފުޅު އަތަށް ލައިގެން އެކުއްޖާގެ މޫނުން ޝަދަފު ހޯދަން މަސައްކަތްކުރާ ފަދައިންނެވެ. އެކަމާ ގޭތެރޭގެ ހުރިހާ އެންމެން ވެސް ތިބީ ކަންބޮޑުވެފައި ހަދާނެ ގޮތް ހުސްވެފައެވެ. ކުއްލިއަކަށް ޝަދަފަށް މިއައި ކޮންބަދަލެއްކަމެއް ނޭނގޭތީ އެސުވާލަށް ޖަވާބު ބޭނުންވެފައެވެ.
ޢިޒްވާ އިނީ ބެލްކަނީގައި ހުރި މޭޒުމަތީ ފަހާފޮށި ބަހައްޓާލައިގެން ފަހާށެވެ. ނަމަވެސް ދޭތެރެއަކުން އަތުގައި އޮތް ފޯނަށް ބަލާލެވެއެވެ. އިރުއޮއްސޭއިރު އަންނާނަމޭ ބުނި މީހާގެ ޚަބަރެއް ނުވިއެވެ. މިހާރު އަނެއްދުވަހުގެ އިރުއޮއްސެނީއެވެ. އޭނާއަށް ގުޅާވެސް ނުލައެވެ. ކިތަންމެ ފަހަރަކު ޝަދަފަށް ގުޅާލަން ޢިޒްވާގެ ހިތަށްއެރިއެވެ. ނަމަވެސް ފަސްޖެހެނީ ކީއްވެ ކަމެއް ނޭނގެއެވެ. ކޮންމެފަހަރަކު ފޯނު ނަގާފައި މޭޒުމަތީ ބާއްވަނީއެވެ. އެނޫންކަމަކަށް ސަމާލުކަން އަނބުރާލުމުގެ ގޮތުން ފަހަންފެށި އެއްކަމަކު އެކަން ވެސް އެންމެ އެދެވޭ ގޮތަކަށް ނުވިއެވެ. އެހެންވެ ކުރަންއިން މަސައްކަތް ބަހައްޓާލުމާއެކު ބަދިގެއަށް ވަދެ ކޮފީތަށްޓެއް ހަދާލައިގެން ބެލްކަންޏަށް ނުކުމެލިއެވެ. އެތިއެތި ފޮދުން ކޮފީ ބޮމުން ދިޔައިރު އޭނާއަށް ވިސްނެނީ ސަމަރު ދެއްކި ވާހަކައެވެ.
“އިޒޫ، ތެދަށް ބުނަންޏާ ޝަދަފު، އިޒޫ ހޯދާތާ ދުވަސްކޮޅެއް ވެއްޖެ، އޭރުވެސް އޭނާއަކަށް ނޭނގޭ އިޒޫއަކީ އޭނާގެ އަނބިމީހާކަމެއް، އަހަރެން ވަރަށް ހައިރާންވި އޭނާ އާއި އިޒޫއާ ދެމެދު އޮތް ގުޅުން ނޭނގޭއިރު ވެސް އިޒޫއާ ބައްދަލުކުރަން ޝަދަފު ބޭނުންވެފައި ހުރިވަރު ފެނުމުން، އަހަންނަށް އެނގޭ އިޒޫ ވެސް ޝަދަފުގެ ދެކެ ލޯބިވާވަރު، ތިދެމީހުންނަކީ ވަކިވާނެ ދެމީހުނެއްނޫން، ޝަދަފު، އިޒޫއާ ގުޅެން ބޭނުންވާނަމަ އިޒޫ ޤަބޫލުވުން އަހަރެން ބޭނުންވަނީ، ޝަދަފު ހަމަހޭގައި ހުރެގެން އިޒޫ ދޫކޮށްނުލާނެކަން އަހަންނަށް މިހާރު އެނގޭ، އޭނާ ހާދަ ލޯބިވެޔޭ އިޒޫދެކެ، އެކަން އިޒޫއަށް އެނގޭތަ…” ދެލޯމަރާލި ޢިޒްވާ ހަށިފުރާލީ ނޭވާއާއެކު ދެލޯ ހުޅުވާލީ ލުއި ހިނިތުންވުމަކާއެކުއެވެ.
ކުއްލިއަކަށް އިވުނީ ބޭރު ދޮރުގެ ބެލް ރިންގުވި އަޑެވެ. ބެލްކަނީގައި ހުރި މޭޒުމަތީ ކޮފީތަށި ބަހައްޓާލުމާއެކު ޢިޒްވާ އައިސް ކުޑަކޮށް ދޮރުހުޅުވާލިއެވެ. ނޭނގޭ ބާރުމިނެއްގައި ހިތްތެޅިގަތީ ދޮރުމަތީ ހުރި ޝަދަފު ފެނުމުންނެވެ. އަވަސް އަވަހަށް ދޮރުގައި އަޅުވާފައި އޮތް ޗޭނުކޮޅު ނައްޓާލުމާއެކު ދޮރު ހުޅުވާލިއެވެ.
“އިށިންނަންވީނު” ޢިޒްވާ ދުރުގޮތަކަށް ސޯފާއަށް އިޝާރާތްކޮށްލަމުން ބުންޏެވެ. ޝަދަފު ހިނިތުންވެލަމުން އައިސް ސޯފާގައި އިށީނެވެ. އަދި އޭނާގެ އަތުގައި އޮތް ފައިލު ކުރިމަތީ ހުރި ކުޑަމޭޒުމަތީ ބާއްވާލިއެވެ.
“ސޮރީ ގުޅާވެސް ނުލެވުނީމަ، ވަރަށް މުހިއްމު ކަންތައްތަކެއް ނިންމުމަގަ އުޅެންޖެހުނީމަ، އަހަރެން ބޭނުމެއްނޫން މިގެއަށް އަންނަ މެހެމާނެއްގެ އުސޫލުން އައިސް ވަންނާކަށް، ހަޤީޤަތުގައި އަހަރެންގެ ހިތަށް ވަރަށް އުނދަގޫވޭ މިގޮތަށް އިޒޫ ދެކިލަން އަންނަންޖެހޭތީ، މިހާ ދުރުކަމެއް އަހަރުމެންގެ ދެމެދަށް ގެންނާކަށް ދުވަހަކު ވެސް އަހަރެން ބޭނުމެއްނޫން” ޢިޒްވާއަށް ބަލާލި ޝަދަފުގެ ދެލޮލުން އެއީ ތެދުކަން ހާމަވެގެންދިޔައެވެ.
“އަހަންނަށް އެނގޭ ޝަދަފުގެ ކުށެއް އެކަމުގައި ނެތްކަން، އަހަރެން ވެސް ބޭނުންވިގޮތެއް ނޫން އެއީ” ޢިޒްވާއަށް ހިތުގައިވާ ހުރިހާ އެއްޗެއް ޝަދަފުގެ ކުރިމަތީ ބަންޑުންކޮށްލުން އުނދަގޫވިއެވެ. އެކަމުން ވެސް އެދެމެދަށް އައިސްފައިވާ ދުރުކަން ޚުދު އޭނާއަށް ވެސް އިހުސާސްކުރެވުނެވެ.
“އިޒޫ، އަހަރެން މިއައީ އިޒޫ އަހަރެންގެ މީހަކަށް ހަދަންވެގެން، މިކަމާ ކީކޭ ބުނަނީ” ޝަދަފު ކުރިމަތީ ހުރި މޭޒުމަތީ އޭނާ ބޭއްވި ފައިލްނަގާ ހުޅުވާލުމާއެކު ޢިޒްވާއަށް ދިއްކޮށްލިއެވެ. ހައިރާންވެފައި އިނދެ ޢިޒްވާ ފައިލުގައި ހިފާ އޭގައި އޮތް އެއްޗަކަށް ބަލާލިއެވެ.
“ޝަދަފު…” ޢިޒްވާގެ މޫނުމަތިން ކުއްލިއަކަށް ހާސްކަން ފާޅުވެގެން ދިޔައެވެ. އެއާއެކު ޝަދަފު ޢިޒްވާގެ ގާތަށް ޖެހިލިއެވެ. އަދި ޢިޒްވާގެ އަތްތިލަގެނެސް އެއަތުގެތެރެއަށްލާ ހިފަހައްޓާލަމުން ވާހަކަދައްކަންފެށިއެވެ.
“އަހަންނާ އިންނާނަންތަ އިޒޫ، މިފޯމުގައި ސޮއިކޮށްދީ، އޭރުން އަލުން އަހަރުމެން ދެމީހުން ދެމަފިރިންނަށްވާނެ، އިޒޫ ބޭނުންވަނީ އަހަންނާއެކު އަހަރެންގެ އަނތްބެއްގެ ގޮތުގައި ހުންނާކަށްނު، ނޫންތަ؟ އިތުރަށް އިޒޫއާ ދުރުގައި އަހަރެން ހުންނަން ނުޖައްސާ، މިއަތުގެތެރެއަށް އިޒޫގެނެސްލާން އަހަރެން މިހިރީ ކެތްމަދުވެފައި، ޕްލީޒް އިޒޫ، ސޭ ޔެސް، އަހަންނާ އިންނާނަންތަ” އެހިނދު ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެންދިޔައެވެ. ޢިޒްވާ އެސްފިޔަޖަހާލުމެއްނެތި ޝަދަފުގެ ލޮލަށް ބަލަމުންދިޔައިރު އެލޮލުގެ ތެރެއަށް ގެބިގެންދާން ބޭނުންވެފައި އިންކަހަލައެވެ. ކިތަންމެ ފަހަރަކުގެ އެއަތުގެތެރެއަށް ވަނުމަށް ޢިޒްވާ ބޭނުންވިއެވެ. ޝަދަފުގެ އަތުގެތެރޭގައި އޮތް އޭނާގެ އަތްތިލާ ނެގުމާއެކު ޝަދަފުގެ މޫނުގައި ފިރުމާލިއެވެ. ހިތުގައިވާ ލޯތްބެއް ޢިޒްވާއަކަށް ނުފޮރުވުނެވެ. މުތީތަކެއްހެން ލޮލުން ވިދާލި ކަރުނަތިކިތަކާއެކު ޢިޒްވާ ބޯޖަހާލިއެވެ. އެއާއެކު ޝަދަފުގެ ތުންފަތަށް ވެރިވި ހިނިތުންވުން އެހިތަށް ފިނިކަމެއް ގެނެސްދިނެވެ. އަވަސް އަވަހަށް ޖީބުގައި އޮތް ގަލަންނަގާ ޢިޒްވާއަށް ދިއްކޮށްލިއެވެ. ޝަދަފު ގެނައި ފައިލުގައި އޮތީ ކައިވެނި ކުރާ ފޯމެވެ.
“އޭރުން… އޭރުން ކިހިނެއްވާނީ؟ ރީޝަމް،އޭނަ…” ދައްކަންބޭނުންނުވި ނަމަވެސް ޢިޒްވާ އެނގެން ބޭނުންވީ ރީޝަމްއަށް ވާނެގޮތެކެވެ. ކައިވެނިކުރެވެން މިއުޅެނީ ދެއަނތްބައްތޯއެވެ. އެއިން އެއްވެސް ކަމެއް އަތުގައި އޮތް ފޯމުން އޮޅުމެއް ނުފިލައެވެ.
“އެކަމާ އިޒޫ ނުވިސްނާ، އަހަރެން މާދަން ގެއަށް ދާނަން، ހުރިހާ ކަމެއް މާދަމާ ހައްލުކުރާނަން، އިޒޫ މިފޯމުގައި ސޮއިކުރުމުން މާދަމާ މިކަންވެސް ނިމޭނެ، އެވްރިތިންގްސް ގޮނާ ބީ ބެކް ޓު ނޯމަލް، ހުރިހާކާމެއް ހަމަޖެހޭނެ” ޝަދަފު ވަރަށް ޔަޤީންކަމާއެކު ބުނެލިއެވެ. އޭނާއަށް އިތުބާރުކުރަމުން ޢިޒްވާ ފޯމުގައި ސޮއިކުރީ ޝަދަފުގެ އަނތްބެއްގެ ގޮތުގައި ހުންނަން ބޭނުންވާތީއެވެ. ޝަދަފު ބުނިހެން ހުރިހާ ކަމެއް އިހު ހުރިގޮތަށް ބަދަލުވެދާނެކަމާމެދު ޢިޒްވާގެ ޔަޤީންކަން ކުޑައެވެ. ހަޔާތުގައި ކުރުމަތިވެފައިވަނީ ހިތްހަމަޖެހޭ އުފާވެރި ތަޖުރިބާތަކަށްވުރެ ހިތްދަތި ތަޖުރިބާތަކެވެ.
“ވަރަށް ބަނޑުހައިވެފަ މީނީ، އަހަރެން ކައިރީ ރޭގަނޑުކައިގެން ދާން މަޑުކުރާށޭ ނުބުނާނަންތަ” ފައިލު އެއްފަރާތްކޮށްލަމުން ޝަދަފު ހަމަހިމޭންކަން ކަނޑުވާލަން މަސައްކަތްކުރިއެވެ. އެއާއެކު ޢިޒްވާ ހީނލި އަޑުއިވިގެންދިޔައެވެ.
މުޅިން އާދުވަހަކަށް ދުނިޔެމަތި އަލިވެގެންދިޔައެވެ. މުޅި ރޭހެން ޝަދަފު ހޭދަކުރީ ނިންޖަކަށްވާކަހަލަ ނިންޏެއް ނުލިބިއެވެ. ސިކުނޑިވަނީ ކޮންމެވެސް ކަމަކާ ހާސްވެފައި ކަހަލައެވެ. ނަވާލުގެ ޢާއިލާއާއެކު ނާސްތާ ނިންމާލުމާއެކު ދެޒުވާނުން އެކަހެރިވެލީ މިއަދަކީ ޚާއްޞަދުވަހަކަށްވާތީއެވެ. ޢިޒްވާ އޭނާގެ އިންތިޒާރުގައި ހުންނާނެކަން ޔަޤީނެވެ. މެންދުރު ވާންވާއިރަށް ހަމަޖައްސަންޖެހޭ ހުރިހާ ކަމެއް ހަމަޖެއްސުމުގައި ނަވާލާއިއެކު ޝަދަފު އުޅުންއިރު އެމީހުންނާ ޒައުލް ވެސް ބައިވެރިވިއެވެ. ޝަދަފުގެ ހަނދާނަށް އައީ އޭނާ އެންމެ ފުރަތަމަ ޢިޒްވާއާ ކައިވެނިކުރަން އުޅުނުގޮތެވެ. އެދުވަހެކޭ މިއަދެކޭ އެއްވެސް ތަފާތެއްނެތެވެ. އެދުވަހުވެސް އޭނާގެ ގާތުގައި ތިބީ ރަޙަމަތްތެރިންނެވެ. ޢާއިލާގެ އެއްބާރުލުން ލިބުމަކީ ދުވަހަކު ވެސް ވާނޭކަމެއްނޫންކަން ޝަދަފަށް ޤަބޫލުކުރެވެނީ އެހެންވެއެވެ.
“ހިނގާ ދަމާ، މިހާރު އެމީހުން ތިބޭނެ ލަސްވެފައި” ޢިޒްވާ ކޮޓަރިން ނުކުތުމާއެކު ސަމަރް ބުންޏެވެ.
“އަހަރެން ވަރަށް ބިރުގަނޭ އެބަ” ޢިޒްވާ ކުރިޔަށް ފިޔަވަޅެއް އަޅަން އުޅެފަވެސް މަޑުކޮށްލަމުން ބުންޏެވެ.
“ނާވަސްވާނެ، އެއީ މައްސަލައެއްނޫން، މިއަދު ވަރަށް އުފާވޭ އިޒޫ އަލުން މެރީކުރާތީ، އަހަރެންގެ ކައިވެނިން އެހެންވީމަ ފެންނާނީ ތިޔައިގެ ދެމަފިރިން އެކީގައި ދޯ” ސަމަރް އައިސް ޢިޒްވާގެ އަތުގައި ހިފާލަމުން ގާތްވެލިއެވެ.
ދެއެކުވެރިން ނުކުންއިރު ނަވާލުގެ ކާރު ފެންނަންއޮތެވެ. އެކާރު އެމީހުން ޢާއިލީ ކޯޓާހަމައަށް ގެންގޮސްދިނެވެ. ޝަދަފަށް ޢިޒްވާ ފެނުމާއެކު މިފަހަރުވެސް ހުއްޓުންއަރާފަދަ ގޮތެއް ވެގެންދިޔައެވެ. ޢިޒްވާ ފެންނަ ކޮންމެފަހަރަކު އޭނާގެ ހިތުގެ ހިނގުން އަވަސްވެއެވެ. ތުންފަތަށް ވެރިވާ ހިނިތުންވުމަށް ނިމުމެއްނުވެއެވެ. ކުރިޔަށް ޖެހިލަމުން ޝަދަފު ދިއްކޮށްލި އަތުގައި ޢިޒްވާ ހިފާލުމާއެކު އެއަށް ފިތާލެވުނީ ލޯބީގެ އިޝާރާތެއްގެ ގޮތުންނެވެ. ފުރަތަމަ ކައިވެނި ކުރެވުނު ދުވަހު ހެދިފައި ހުރި ވަރަށް ޢިޒްވާ ނަލަވެގެން ނެތެއްކަމަކު ލައިލެކް ކުލައިގެ ދޯޕަށްޓާހެދުމުގައި ވެސް ޢިޒްވާ ފެންނަލެއް ވަރަށް ރީއްޗެވެ. އެމޫނުމަތިން ކޮންމެވެސް ވަރެއްގެ ހާސްކަން ފެނުނެއްކަމަކު ހިތްހަމަޖެހުން ވެސް ފެނިގެންދިޔައެވެ.
ކައިވެންޏަށް ފަހު ރަޙުމަތްތެރިންގެ ފަރާތުން މަރުހަބާ ކިޔުން އޮތެވެ. ނަވާލުގެ ހަދިޔާއަކަށްވީ ޢިޒްވާ އާއި ޝަދަފު އެކުގައި އުޅުނު އެޕާޓްމެންޓެވެ. އެތަނަށް ވަދެވުމުން އެތައް އިޙްސާސެއް ޢިޒްވާއަށް ކުރެވިގެންދިޔައެވެ. ޚާއްޞަކޮށް އެދަމަފިރިންގެ އެންމެ ފޮނި ހަނދާންތައް ގުޅިފައިވާ ތަނަކީ އެއެޕާޓްމެންޓެވެ. ޝަދަފު، ޢިޒްވާ ގެނެސް ގަޔާ ކައިރިކޮށްލިއެވެ. މިރާންގެ ހަނދާންތައް ޝަދަފަށް އުނދަގޫކުރަން ފެށުމާއެކު އޭނާގެ ހިތުގައި އުފެދުނީ ރުޅިވެރިކަމެވެ. ޝަދަފާއި ޢިޒްވާގެ ރަޙުމަތްތެރިން އެމީހުންނަށް ވަގުތު ދީފައި އެތަނުން ނުކުތުމާއެކު ޝަދަފު ވަގުތުން އެއްޗެހި ބަދަލުކޮށްލިއެވެ. އަދި ވަރަށް އަވަހަށް އެބަ އަންނަން ކަމުގައި ބުނެ އެޕާޓްމެންޓުން ނުކުމެ އިމާރާތުގެ ބޭރުގައި މަޑުކޮށްލައިގެން ހުރި ނަވާލަށް ހަނާއަޅާލިއެވެ.
ކޮޓަރީގެ ދޮރު ހުޅުވާލަފައި އެތެރެއަށް ވަނީ ކާކުތޯ ބަލާލުމަށް އެނދުގައި އޮތް ރީޝަމް ބޯހިތްލާލިއެވެ. އެއާއެކު އޭނާއަށް އެނދުން ފައިބާ ކޮޅަށް ތެދުވެވުނީ ކިހިނެއްކަމެއް ވެސް ނޭނގެއެވެ. އެކޮޓަރިއަށް ވަން މީހަކީ ޝަދަފެވެ.
“ޑިފީ” ހައިރާންވެފައި ހުރި ރީޝަމް ގޮވާލިއެވެ. އޭނާގެ ކުރިމަތީ ހުރި ޝަދަފު ބަދަލުވެފައި ހުރިވަރު ފެނި ސިކުނޑީގައި ސުވާލުތައް ފުނިޖެހުނެވެ. ދިގުކޮށްފައި ހުރި ޝަދަފުގެ އިސްތަށިގަނޑު ކޮށާލުމާއެކު ތުނބުޅިމަތިމަސް ތުނިކޮށް ވަކިގޮތަކަށް ބަހައްޓާފައި ހުއްޓެވެ. އެއްޗެއް ނުބުނެ ޝަދަފު ރީޝަމްއާ ދިމާލަށް ބަލަހައްޓައިގެން ހުރިގޮތުން އޭނާއަށް ދެން ކަންތައްކުރަންވީ ކިހިނެއްކަމެއް ނޭނގުނެވެ. ދުވެފައި އައިސް ޝަދަފުގެ ގައިގާ އޮޅުލައިގަނެ ޝަކުވާކުރަން ރީޝަމް ބޭނުންވިއެވެ. ނަމަވެސް ޖެހިލުންވެފައި ޝަދަފަށް ބަލަން ހުރުން ފިޔަވައި އެއްވެސްކަމެއް ރީޝަމްއަށް ނުކުރެވުނެވެ.
“މެންދުރުވެގެން ދިޔައިރު، އަދިވެސް ނިދާހެދުމުގަތަ؟ ތިއެއްޗެހި ބަދަލުކޮށްގެން އަހަންނާއެކު ތިރިއަށް ހިނގާ، އޭގެ ކުރިން ޒަބާ އާންޓީއަށް ގުޅާފައި ބުނޭ މިގެއަށް އަންނާށޭ” އިރުކޮޅަކު ހުރުމަށްފަހު ޝަދަފު މިހެންބުނީ ވެސް ހިތްހަމަނުޖެހިފައި ހުރި ރާގެއްގައެވެ. ރީޝަމްއާ ކައިވެނި ކުރިފަހުން ޝަދަފު، ޒަބާއާ މުހާތަބުކުރަނީ މަންމަގެ ނަމުންނެވެ. އެހެންނަމަވެސް ކުއްލިއަކަށް ޝަދަފުގެ ދުލުން ޒަބާއަށް “އާންޓީ” ކިޔުމުން އެކަމާ ވެސް ރީޝަމް ހުރީ ސުވާލުއުފެދިފައެވެ. ޝަދަފު އެއުޅެނީ ކީއްކުރަންބާއޭ ރީޝަމްގެ ހިތަށް އޭރު އަރަމުންދިޔއެވެ.
“ތިހެން ހުންނަންވީކީ ނޫނޭ، ޒަބާ އާންޓީއަށް ގުޅާފައި ބުނޭ ހަމަމިހާރު މިގެއަށް އަންނާށޭ، އަހަރެން ގެއަށް އަތުވެއްޖެޔޭ، ބުނޭ، އަހަރެން ބުންޏޭ އަންނާށޭ” ޝަދަފު އަމުރުވެރިގޮތަކަށް ބުނެލިއެވެ. ރީޝަމް އެއްޗެއް ބުނަން އުޅެފައި ވެސް ޝަދަފު ބޭނުންވިގޮތަކަށް ކަންތައްކޮށްދިނެވެ.
“މަންމާ، ޑިފީ އަތުވެއްޖެ، މަންމައާ ވާހަކަދައްކަން ޑިފީ ބޭނުންވޭ، މިގެއަށް އައިސްދޭންވީނު” ރީޝަމް ވާހަކަދެއްކި އިރުވެސް އޭނާއަށް ހަމަބެލެނީ ޝަދަފަށެވެ. އޭނާއަށް ފޯނު ކަނޑާނުލެވިގެން އުޅެނިކޮށް ދެންފެނުނީ ޝަދަފު، އީވާގެ ބައެއް އެއްޗެހި ދަބަހަށް އަޅާތަނެވެ. އެމަންޒަރު ފެނުމާއެކު ރީޝަމްއަށް ހީވީ ޝަދަފު ބޭނުންވަނީ އެދެމައިން ގޮވައިގެން ކޮންމެވެސް ތަނަކަށް ދާށެވެ. ޒަބާއަށް ގުޅީ ކީއްވެކަން ވެސް ރީޝަމްއަށް ވިސްނާލެވުނެވެ. އޭނާއަށް ވިސްނުނު ގޮތުގައި ޝަދަފު، ރީޝަމް ގޮވައިގެން ތަނަކަށް ދާކަމަށްވަންޏާ އޭނާގެ މަންމަ، ޒަބާގެ ރުހުން ވެސް ހޯދަންޖެހޭނެ އެވެ. އަސްމަހާނު ހިތްހަމަޖެހޭނީ ވެސް އޭރުންނެވެ. ރީޝަމްގެ ސިކުނޑިއަށް އަސްމަހާނުގެ ނަން އެރުމުން ކުއްލިއަކަށް އެހެންކަމަކަށް ޚިޔާލު ހިންގާލެވުނެވެ.
“އެކަކުވެސް ޑިފީގެ ފަހަތުން އުޅޭތަނެއް ނުފެނޭ، މަންމަމެންނަށް އެނގޭބާ ޑިފީ ގެއަށް އައިކަން” ޝަދަފުގެ ހަރަކާތްތަކަށް ބަލަން ހުރި ރީޝަމްގެ ހިތަށް އެރިއެވެ.
“އެއްޗެހި ބަދަލު ނުކުރަންތަ ތިހުންނަނީ، އަހަންނަށް ވަރިހަމަ ރީޝަމް ތިހެން ތިތާ ކިތަންމެ އިރަކު ހުއްޓަސް، ތިހުރިގޮތަށް ވެސް އަހަރެން އެންމެންގެ ތެރެއަށް ރީޝަމް ނެރެފާނަން” ދަރިފުޅުގެ އެއްޗެހި ދަބަހަށް ނޭޅޭވަރުން އޭގެ ތެރެއަށް ގަންނަވަމުން ކަހަލަ ގޮތަކަށް ޝަދަފު ބުނެލިއެވެ.
“ތިބޭގު ފަޅައިގެން ގޮސްދާނެ” ރީޝަމް މަޑުމަޑުން ބުނެލިއެވެ. އެއާއެކު ޝަދަފު އިތުރަށް ދަބަހަށް އެއްޗެއް ލުމުގެ ބަދަލުގައި އޭތި ލައްޕާލިއެވެ. އަދި ބޮޑުއެނދުގައި އޮތް ދަރިފުޅު ނަގާ އުރާލުމާއެކު އެތުއްތު މޫނަށް ބަލާލިއެވެ. އީވާ ތަޅުވާލި އަތުން ޝަދަފުގެ މޫނުގައި އެކުއްޖާގެ އަތްޖެހުނެވެ. ހީވީ އޭނާ އުރާލީ، އޭނާގެ ބައްޕަކަން އީވާއަށް އެނގުނުހެންނެވެ. ނަމަވެސް ޝަދަފުގެ މޫނުމަތިން ފެންނަމުންދިޔަ ރުޅިވެރިކަން ފިލައިގެންނުދިޔައެވެ. އެހެންހުއްޓާ ރީޝަމް ފާޚާނާއަށް ވަދެފައި ނުކުތްތަން ފެނުނެވެ.
“ޒަބާ އާންޓީ މިގެއަށް ނާންނަނީސް މިކޮޓަރިން ބޭރަށް ރީޝަމް އެންމެ ފިޔަވަޅެއް ވެސް އަޅައިގެން ނުވާނެ” ޝަދަފު ބުންޏެވެ.
“ޑިފީ، އަހަރުމެން ތަނަކަށް ދަނީތަ” އިރުކޮޅަކު ހިމޭނުން އިނދެފައި ރީޝަމް މަޑުމަޑުން އަހާލިއެވެ. އޭނާ ކެތްތެރިވަމުން އެދަނީ ޝަދަފު ބޭނުންވާގޮތަށް އޭނާގެ ޢަމަލުތައް ބެހެއްޓޭތޯއެވެ. މިވަގުތު އޭނާ ރޮއެ، ޝަދަފުގެ ގާތު ޝަކުވާކުރަން ފަށައިފިއްޔާ ކަންތައް ގޯހުން ގޯހަށް ހިނގައިދާނެހެން ރީޝަމްއަށް ހީވާތީ ވެސް މެއެވެ.
“އެއައީ މަންމަ” ޒަބާ ގުޅުމުން ރީޝަމް ބުންޏެވެ. އެހުރިހާ އިރު ޝަދަފު އެކޮޓަރީގައި ހުރީ ކޮޅަށެވެ. ހީވަނީ އެކޮޓަރީގައި ހުރި އެކައްޗެއްގައި ވެސް ޖެހިލަން ބޭނުންނުވެފައި ހުރި ހެންނެވެ. ކޮނޑުގައި އަޅުވާލާފައި އޮތް އީވާގެ ދަބަހާއެކު ޝަދަފު، ދަރިފުޅު ވެސް އަތުގެތެރޭ ހިފަހައްޓާލައިގެން ހުރެ އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ.
“އާދޭ އަހަންނާއެކު” ޝަދަފު މިހެން ބުނުމުން ވެސް ރީޝަމް ފާޑަކަށް ހުރީއެވެ.
“ޑިފީ، ދަރިފުޅުގެ އެއްޗެހި ޕެކްކުރިއިރު އަހަރެންގެ އެއްޗިހި ޕެކްނުކުރަންތަ” ދަރިފުޅު ގޮވައިގެން ޝަދަފު ހިނގައިގަތް ގޮތުން ރީޝަމްގެ ހިތް ބާރަށް ތެޅިގަތެވެ. އެހެންވެ ހިތަށް އެވަގުތު އައި ސުވާލު ވަގުތުން ދުލުން ބޭރުކޮށްލެވުނެވެ.
“އަހަރެން ރީޝަމްގެ އެއްޗެހި ޕެކްކުރާކަށް ނޫނޭ މިއައީ، ހިނގާ އަހަންނާއެކު” އެއްއަތުން ދަރިފުޅު ހިފަހައްޓާލުމާއެކު އަނެއްއަތުން ރީޝަމްގެ އަތުގައި ހިފާ ޝަދަފު ދަމައިގަތެވެ. އަދި ނުދާންހުރި މީހަކުފަދައިން ގަދަކަމުން ދަމަމުން ކަހަލަ ގޮތަކަށް ޝަދަފު، ރީޝަމް ގޮވައިގެން ބޮޑުކޮޓަރިއަށް އައެވެ. އެވަގުތު އެތަނުގައި ހުރި ޒަބާގެ ދެލޯ ބޮޑުކޮށްލެވުނީ މިމަންޒަރުތައް އޭނާއަށް ފެނިއެވެ.
މެންދުރު ކައިގެން އަރާމުކޮށްލަން ކޮޓަރިއަށް ވަން އަސްމަހާނަށް ހިލަމެއްވީ ދެނެވެ. އެވެސް އަމޯރާ އައިސް ގޮވީމައެވެ. ޝަދަފު ގެއަށް އައިކަމާ ހުރީ ވަރަށް ރުޅިގަދަވެފައިކަމުގައި އަމޯރާ ބުންޏެވެ. ދުވެފައި ކަހަލަ ގޮތަކަށް އަސްމަހާނަށް ސިޑިން ފައިބައިގެން އާދެވުނެވެ.
“ޝަދަފު، ދަރިފުޅު ކޮންތާކުތަ ތިއުޅުނީ” ކަންބޮޑުވެފައި ހުރެ އަސްމަހާނު، ޝަދަފުގެ ގާތަށް ޖެހިލިއެވެ. އެވަގުތު ޝަދަފު ފަހަތަށް ދެތިން ފިޔަވަޅު އަޅާލިއެވެ.
“ފެމިލީ ބޮންޑިންގ ޓައިމެއްނޫންމީ، ފެމެލީ، އެނަންދެކެ ވެސް އަހަރެން ފޫހިވޭ” ޝަދަފުގެ ބަސްތައް އެންމެފުރަތަމަ ވެސް އަމާޒުވީ އަސްމަހާނަށެވެ.
“ޑިފީ، ކޮބާތަ މެނާސްތައް، މަންމައާކަމެއް ތިވާހަކަދެއްކެނީ ނޭނގޭތަ، ހަމަހޭގަތަ ތިހިރީ” ބޮޑުކޮޓަރިއަށް ވަނދެގެން އައި އީޝާ ހަޅޭލަވައިގަތެވެ.
“އީޝްދޮން މިކަމުގެތެރެއަށް ވަންނަން ނުހަދާ، މިތާ ތިބި ހުރިހާ އެންމެނަކީ ވެސް މަކަރުވެރިން، މަންމަމެން ހީކުރީތަ އަޅުގަނޑަށް އެއްވެސް އެއްޗެއް ނޭނގޭނެޔޭ، ރީޝް، އަޅުގަނޑަށް އެންމެ ބޮޑަށް ހަޤީޤަތް އޮޅުވާލުމަށް މަސައްކަތްކުރީ، މަންމަމެންގެ ނުބައި ރޭވުމުގައި އެއްބާރުލުންދޭން ހުރި މީހަކީ ތީ” ޝަދަފު ރުޅިއައިސް ރަތްވެފައި ހުރިއިރު ވެސް އަސްމަހާނުމެންނާ އަދަބުކުޑަކޮށްލާފައި ވާހަކަދައްކާކަށް ނުކެރުނެވެ. ހިތަށް އައިހާ އެއްޗެއް ގޮވާލާކަށް ނުކެރުނެވެ.
“ކޮންކަމެއްތަ އޮޅުވާލީ؟ ޝަދަފަށް އަހަރުމެން ނޯންނާނެ ކަމެއް އޮޅުވާލާފައެއް، އަހަރުމެން ކީއްކުރަން ޝަދަފާ ދެކޮޅަށް ރޭވުންތަކެއް ރާވަންވީ” ޒަބާ ވަގުތުން ރައްދުދިނެވެ.
“އަދިވެސް ދޮގު، ދޮގުގެ މައްޗަށް ދޮގު، ޒަބާއާންޓީ ހިތްހަމަޖެހޭވަރު އަދިވެސް ނުވަނީތަ” އައި ރުޅީގައި ބޮޑުކޮޓަރީގެ އެއްފަރާތުގައި ބަހައްޓާފައި ހުރި މުށި ވާސްއެއްގައި ޝަދަފު ފައިންޖެހިއެވެ. އެއާއެކު އޭތި ވިއްސައިގެން ގޮސް ފާރުގައި ޖެހި ފުނޑުފުނޑުވެއްޖެއެވެ. ޝަދަފުގެ ފަހަތުން ތަރަފް ގޮވާލި އަޑުވެސް އައީ ހަމައެވަގުތުއެވެ.
“ޝަދަފު، ނިކަން ތިރުޅިމަޑުކޮށް މީހާ ހަމަޖެހެންވެއްޖެއެންނު” ތަރަފް ހަރުއަޑުން ބުނެލިއެވެ. ނަމަވެސް މިއަދު ޝަދަފު އެއަޑަކަށް ނުސިހޭނެކަން ޔަޤީނެވެ. އޭނާގެ ސިކުނޑި ރުޅިގަދަ ވެގެންގޮސް ފަޅައިގެންދަނީއެވެ. އޭނާއަށް ވަންޏާ އެގެ މުޅިން އެފުށްމިފުށަށް ޖަހާލީހެވެ.
“އެކްސިޑެންޓަށްފަހު މަންމަމެން ބޭނުންވާގޮތަށް ހުރިހާކަމެއް ކުރަމުން އައިއިރު އެއްފަހަރުވެސް ހިތަކަށްނޭރިތަ އަޅުގަނޑުގެ ދަރިއަކު ހުއްޓޭ، މަންމަމެންނަށް އަޅުގަނޑު ލިބުނެއްކަމަކު، މިއަދު އަޅުގަނޑަށް، އަޅުގަނޑުގެ ދަރިފުޅު ގެއްލިއްޖެ، އެދަރިފުޅު ހޯދަން އަޅުގަނޑު ދާން އޮތީ ސަހަރާ، އަޅުގަނޑާނުލާ، ދަރިފުޅާނުލާ ޢިޒްވާ އުޅޭނީ ކޮންހާލެއްގަކަން ތިއިންއެކަކު ވެސް އެނގޭކަށް ބޭނުމެއްނޫން، އަޅުގަނޑު އެއްވެސް އިރަކު ރީޝަމްއާ ކައިވެނިކުރާކަށް ބޭނުމެއްނުވޭ، އެކަން ރީޝްއަށް ވެސް އެނގޭނެ، ޒައުލް މިގެއަށް ނާންނަނީ ކީއްވެކަން ވެސް މަންމަމެނަށް އެނގެއެންނު، މިގޭ މަތީގައި ބަންދުކޮށްފައި ހުރި ކޮޓަރިއަކީ ޔޫޝްގެ ކޮޓަރިއެއް ނޫން، މަންމާ، އެއީ އަޅުގަނޑުގެ އުފަންދުވަހުގެ ހަދިޔާއެއްނޫންތަ، އަޅުގަނޑު ރީޝްއާއެކު ދަރިއެއް ހޯދަން ބޭނުންނުވާއިރު ވެސް ރީޝް ބަލިވެއިނީ، މީވެސް ތިއެންމެންގެ ރޭވުމެއް، ދުވަހަކުވެސް އަޅުގަނޑަށް ޢިޒްވާ ލިބެން ތިޔައިގެތެރޭން އެކަކުވެސް ބޭނުމެއްނުވޭ، މިއަދު އެންމެންގެ ހާޒިރުގައި މިބުނަނީ، އަޅުގަނޑުގެ ރީޝަމްކިޔާ އަނތްބަކު ނުހުންނާނެ، އާން! ރީޝަމް ތިހިރީ ވަރިކޮށްފައި، މިގެއިން އަޅުގަނޑު ނުކުމެގެން ދިޔަ ދުވަހުން ފެށިގެން އަޅުގަނޑު ނުދެކެން ރީޝަމްއަކީ އަނތްބެއްކަމަކަށް، ވަރި ސާބިތުކުރަން ކޯޓަށް ދާކަށްވެސް ނުޖެހޭނެ، އެކަން ވެސް އަޅުގަނޑުކޮށްލައިފިން، މީގެކުރިން ތިއެންމެން އުޅުނީ އަޅުގަނޑަށްވުރެ އެއްފިޔަވަޅުކުރީގައި، ނޫންތަ ޒަބާ އާންޓީ، އިރާދަކުރެއްވީތީ މިއަދު އަޅުގަނޑު މިހިރީ ތިއެންމެންނަށްވުރެ ކުރީގައި، ކަންކަން ރާވާ، ފައިސާއިން ކަންކަން ނިންމާލަން އެނގެނީ މަންމަމެނަށް އެކަންޏެއް ނޫނޭ، އަޅުގަނޑަކީ ތިމަންމަގެ ދަރިއަކަށް ވީއިރު އެމަކަރުވެރިކަމާ ހީލަތްތެރިކަމުގެ އަސަރު އަޅުގަނޑަށް ވެސް ދަސްނުވެއެއްނުދާނެ އެންނު” ޝަދަފުގެ ވާހަކަ މެދުކެނޑުނީ ބާރަށް ރޮއެގަތް ރީޝަމް ފެނިފައެވެ. ނަމަވެސް ޝަދަފުގެ ހިތަށް ކުޑަކޮށްވެސް އަސަރެއް ނުކުރިއެވެ. ޒަބާ އައިސް ދަރިފުޅުގެ ގައިގާ ބައްދާލިއެވެ.
“ދަރިފުޅާ…” ތަރަފްއަށް ބުނެވުނީ އެވަރަށެވެ. ހަޤީޤަތުގައި މިދުވަސް އަންނާނެކަން ތަރަފްއަށް އެނގެއެވެ. ނަމަވެސް އަސްމަހާނުގެ އުފަލަށްޓަކައި އޭނާއަށް ދަރިފުޅުގެ މައްޗަށް ބޭއިންސާފުވެވުނީތީ އެކަމާ ދެރަވެއެވެ. ދަރިފުޅުގެ އުފަލަކީ އެއްވެސް އަގެއްނެތް އެއްޗެއްކަމުގައި އެމީހުންނަށް ދެކެވުނުކަން އެއީ މިއަދު ޝަދަފުގެ ހިތުގައި އެމީހުނާމެދު ނަފުރަތު އުފެދެންވީ ސަބަބުކަން ތަރަފްއަށް އެނގެއެވެ.
“މަންމާ، ނޫން މަންމާ… ޑިފީ…” ރީޝަމް ރޮމުން ޒަބާގެ އަތުގެތެރޭން ވީއްލިގެން ދުވެފައި ޝަދަފުގެ ގާތަށް އައެވެ.
“ޕްލީޒް ޑިފީ، އައިއެމް ސޮރީ، ޕްލީޒް، މިދަރިފުޅަށްޓަކައި” ރީޝަމް އައިސް ޝަދަފުގެ ކުރިމަތީ އާދޭސްކުރަންފެށިއެވެ. ޝަދަފު ދެންވެސް ފަހަތަށް ފިޔަވަޅު އަޅާލިއެވެ.
“މިދަރިފުޅުގެ ގައިގާ އަތްނުލާތި، މިދަރިފުޅަކީ އަޅުގަނޑުގެ އަމިއްލަ ހައްޤެއް، އިރާދަކުރެއްވިއްޔާ ދެން ދުވަހަކުވެސް މިގެއަކަށް އަޅުގަނޑާ މިދަރިފުޅެއް ނާންނާނަން، ކޯޓު އަމުރު ހަމަޖެހެންދެން ވެސް މިކުއްޖާ ހުންނާނީ އަޅުގަނޑާއެކު، މިމުއްސަނދިކަން މަންމައަށް މަރުހަބާ، އަޅުގަނޑުގެ ޢާއިލާ މީހަކު ވެސް ނުހުންނާނެ، އެމީހުން މަރުވެއްޖެ، އަދި ބުނަން، ޢިޒްވާއަކީ މިހާރު އަޅުގަނޑުގެ އަނތްބެއް، ﷲ ގަންދީބުނަން، ދެން އިރާދަކުރެއްވިއްޔާ މަންމަމެން އަޅުގަނޑު ޢިޒްވާއާ ވަކިކުރަންޏާ ގެންދަންލިބޭނީ ފުރާނަނެތް މަސްގަނޑެއް، އެދުވަހުން އަނެއްކާވެސް އަޅުގަނޑަކީ މިޢާއިލާގެ މީހެއްކަމުގައި ވެދާނެ” ޝަދަފުގެ ވާހަކައަށް އެއްޗެއް ބުނަން ނޭނގިފައި އީޝާ އާއި ރަސަލް ތިބިއިރު، ޒަބާ، ރީޝަމް ހިފަހައްޓަން މަސައްކަތް ކުރަނީއެވެ. ތަރަފް ހުރީ އަސްމަހާނުގެ އަތުގައި ހިފާލައިގެންނެވެ. ނަމަވެސް ޝަދަފު ދަރިފުޅު ގޮވައިގެން ފުރަގަސްދެމުން އެނބުރިލިވަގުތު ރީޝަމް ހަޅޭލަވައިގަތުމާއެކު ދުވެފައި އައިސް ޝަދަފު ހުއްޓުވަން އުޅުނެވެ. އޭނާގެ ފަހަތުން އަސްމަހާނާއި ޒަބާ އައެވެ. އަސްމަހާނަށް ވެސް ރޮވިއްޖެއެވެ.
“ތީއަދި ރަނގަޅު ވިސްނުމެއްނޫން، ޝަދަފު، ތިހެންނުދޭ، ދަރިފުޅާ…” އަސްމަހާނު ހީވީ މޮޔަވިހެންނެވެ. ޝަދަފުގެ ގައިގާ ހިފަހައްޓަން މަސައްކަތް ކުރަމުންދިޔައެވެ. އޭރު ރީޝަމް އޭދޭސްކުރަމުން ދިޔައެވެ. ދަރިފުޅު ނުގެންދިއުމަށް އެދިއެވެ. ޝަދަފުގެ ފައިގައި ރީޝަމް އޮޅުލައިގަތުމާއެކު އޭނާ ރީޝަމް ކޮށްޕާލިއެވެ. ޒަބާ މަސައްކަތް ކުރަމުންދިޔައީ ޝަދަފުގެ އަތުގައި އޮތް އީވާ އަތުލެވޭތޯއެވެ. ކުއްލިއަކަށް ޝަދަފު ނިކަން ބާރަށް ހަޅޭލަވައިގަތެވެ. އެހިނދު އަތުގައި އޮތް ދަރިފުޅު ރޯންފެށިއެވެ.
“ޚަބަރުދާރު، އެކަކުވެސް ގާތްނުވާތި، އެހެންނޫނީ ތިއެންމެން ހުއްޓުވާނީ ކަމާބެހޭ ފަރާތްތަކުން އައިސް، އޭރުން ވެސް އީވާ އޮންނާނީ މިއަތުގެތެރޭ، ލާހިކެއްނޫން ގެންދާކަށް” ދަރިފުޅުގެ ގައިގާ ބާރަށް ހިފަހައްޓާލަމުން ޝަދަފު ބުންޏެވެ.
“ޑިފީ، ހެޔޮނުވާނެ ތިހެންނަހަދާ، ދަރިފުޅުގެ ކުޑަކަން ނިކަންވިސްނާލަބަލަ، އީވާއަށް އޭނާގެ މަންމަ އަދި ބޭނުންވާނެ، އެދެމައިން ވަކިނުކުރޭ” ފެންކަޅިވެ ހާސްކަން އިންތިހާއަށް ގޮސްފައި ހުރި ޒަބާ ދެއަތްޖޯޑުކޮށްލަމުން ބުންޏެވެ. ނަމަވެސް ޝަދަފު އެމީހުންގެ އާދޭސް އަޑުއަހާކަށް ބޭނުމެއްނޫނެވެ. އޭރު ބޮޑުކޮޓަރީގެ ވަށައިގެން އެއްއަޑަކަށް އަސްމަހާނާއި ރީޝަމްގެ ރުއިމުގެ އަޑު ހަރުލައިފިއެވެ.
“ދަރިފުޅާ، ޝަދަފު، މީ ދަރިފުޅުގެ މަންމައެއްނޫންތަ، ހަމައެންމެފަހަރަކު މަންމަ މިދައްކާ ވާހަކަ އަޑުއަހާބަލަ، ތިހެން ކަންތައްކުރުމުން އީވާއަށް ވާނޭގޮތާމެދު ވިސްނާލަބަލަ، ރުޅިމަޑުކޮށްފައި މަންމަމެނާ ވާހަކަދައްކަބަލަ، މަންމަ ހުރިހާ ވާހަކައެއް ވެސް އަޑުއަހާނަމޭ، ޢިޒްވާ…” އަސްމަހާނު ގޮސްހުވެ ޢިޒްވާގެ ނަން ދުލުން ބޭރުވުމާއެކު ޝަދަފު ހީވީ ކުރިއަށްވުރެ ވެސް ރުޅިގަދަވިހެންނެވެ.
“ޢިޒްވާގެ ނަން ވެސް މަންމަގެ ދުލުން އިވޭކަށް އަޅުގަނޑު ބޭނުމެއްނޫން، މިބުނީނު ދުވަހަކުވެސް މިގެއަށް އެނބުރި އަންނާކަށް ބޭނުމެއްނޫނޭ، ބައްޕާ، އަޅުގަނޑަށް މާފުކުރޭ” ޝަދަފު ބޮޑުކޮޓަރީގެ ދޮރުން ނުކުންނަން ދިއުމުގެ ކުރިން އެއްޗެއް ނުބުނެ ބަލަހައްޓައިގެން ހުރި ތަރަފްއަށް ބަލާލަމުން ބުންޏެވެ. އެވަގުތު ތަރަފްއަށް އޭނާގެ ދަރިފުޅުގެ ލޮލުން އެތަށް ވާހަކައެއް ދޭހަވެގެންދިޔައެވެ.
ބައްޕައާ ނަޒަރު ވަކިކޮށްލި ޝަދަފު ގެއިން ނުކުމެގެން ދިޔައެވެ. އެހިނދު އަސްމަހާނު ދުވެފައި ކަހަލަ ގޮތަކަށް ތަރަފްގެ ގާތަށް އައެވެ. އޭނާގެ ދަރިފުޅު ހޯދާ ދިނުމަށް އެދި އާދޭސްކުރަންފެށިއެވެ. ތަރަފް ލޯތްބާއެކު އަސްމަހާނު ގެނެސް އަތުގެތެރޭ ހިފަހައްޓާލިއެވެ. އޭރު ޝަދަފު ނުކުމެގެން ދިޔަ ދޮރާ ދިމާލަށް އައި ރީޝަމްއަށް ދޮރުގައި އަތްނުލެވިގެން އުޅެނިކޮށް ހަބަރުހުސްވެގެން ވެއްޓިއްޖެއެވެ. އޭނާގެ އެންމެ ގާތުގައި ހުރި ޒަބާއަށް ވެސް ރީޝަމްގެ ކޮނޑުގައި ހިފުނީ ކިރިޔާއެވެ. ރަސަލް އާއި ތަރަފްގެ ދެމަފިރިން ވެސް އެދިމާލަށް އައުމަށް އަވަސްވެގަތެވެ.
“އަމޯރާ… އަމޯރާ… ވޯޓާ…ބްރިންގް ވޯޓާ” އީޝާ އަޑުގެ ނެތްތަނަށް ހަޅޭލަވައިގަތެވެ.
* * * *
މިރާންގެ ޚިޔާލަށް ގެއްލިފައި ސޯފާއަށް ދެފައި އަރުވާލައިގެން ޢިޒްވާއިނެވެ. އޭރު އޭނާގެ އަތުގައި މިރާން ކުޅެން ގެންގުޅުނު އޭނާއަށް އެންމެ ޚާއްޞަ ބުދު އޮތެވެ. ފަނޑުހިނިތުންވުމެއް ޢިޒްވާގެ ތުންފަތަށް ވެރިވެފައިވިއެއްކަމަކު އޭނާއަށް މިރާން ނެތްކަމުގެ އިޙްސާސް ވަރަށް ބޮޑަށް ކުރެވެއެވެ. އޭނާއަށް ގެއްލިފައިވާ މަޤާމު މިއަދު ލިބުނެއްކަމަކު މިރާންނެއް ނުލިބުނެވެ. މަޑުމަޑުން ދެލޯ ފޮހެލަމުން ތަންކޮޅެއް ބޮޑަށް ޢިޒްވާ ހިނިތުންވެލިއެވެ.
“އެންމެ ބޭނުންވި ލޯބި އަނބުރާލިބުނީތީ އެކަމަށް ޝުކުރުވެރިވުން މާރަނގަޅު، މާޒީގެ ކަޅުއަނދިރި ދުވަސްތަކާމެދު ވިސްނުމަށްވުރެ ޝަދަފާއެކު އުޖާލާ މުސްތަޤުބަލަކާމެދު ވިސްނާ ހިތްހަމަޖައްސާލަންވީ” ޢިޒްވާގެ ޟަމީރު ބުންޏެވެ.
ކުއްލިއަކަށް ހުޅުވުނު ދޮރާއެކު ޢިޒްވާގެ ނަޒަރު ހުއްޓުނީ އެތެރެއަށް ވަން ޝަދަފަށެވެ. ދާހިތްލާ ފޯވެފައި ހުރިއިރު އެމޫނުމަތިން ފެންނަނީ ހާސްކަމެވެ. ޢިޒްވާއަށް ބަލާލުމާއެކު ޝަދަފު ގޮސްވަނީ ކޮޓަރިއަށެވެ. ކަންބޮޑުވެފައި ހުރެ ޢިޒްވާ ވެސް އެޕާޓްމެންޓުގެ ދޮރުލައްޕާލާފައި ޝަދަފަށް ވީގޮތެއް އޮޅުންފިލުވުމަށް ކޮޓަރިއަށް އައިސް ވަނެވެ.
ޢިޒްވާ ކޮޓަރިއަށް ވަންއިރު ބޮޑުއެނދުމަތީ ޝަދަފު ގެނައި ކުޑަކުއްޖާ އޮތެވެ. އޭރު އެއްފަރާތުގައި އިސްޖެހިފައި ޝަދަފު އިނެވެ. މިވަނީ ކިހިނެއްކަމެއް ނޭނގި ޢިޒްވާގެ ސިކުނޑި ސުވާލުން ފުރުނެވެ.
“ޝަދަފު، ކޮންތާކުން ތިއައީ؟ ކީއްކޮށްފައި ތިއައީ، ވިސްނާނުލާ ފަހުން ދެރަވާނޭވަރުގެ ކަމެއް ކުރީތަ؟” ކަންބޮޑުވެފައި ހުރި ޢިޒްވާ އަވަސް އަވަހަށް އައިސް ޝަދަފުގެ މޫނުގައި ދެއަތުން ހިފާލުމާއެކު އޭނާއާ ދިމާލަށް އުފުލާލިއެވެ. ޝަދަފު އައިސްފައި ހުރި ގަދަ ރުޅި މަޑުވެގެން ދިޔައީ އެދެލޮލުން ފައިބަންފެށި ކަރުނައިންނެވެ. ޢިޒްވާގެ އުނަގަނޑުގައި ހިފާގެނެސް ދެއަތްވަށާލި ޝަދަފު އޭނާގެ މޫނު ފޮރުވާލިއެވެ. ކުރިއަށްވުރެ ޢިޒްވާ ކަންބޮޑުވިއެވެ. ޝަދަފުގެ ބޮލުގައި ފިރުމާލުމާއެކު ޢިޒްވާގެ ނަޒަރު ހުއްޓިފައި ހުރީ އެނދުގައި އޮވެ އަތްފައި ތަޅުވަމުންދިޔަ ކުއްޖާއަށެވެ.
“މީ ޝަދަފުގެ ދަރިފުޅުބާ؟ އެކުއްޖާ މިގެއަށް ޝަދަފު އެގެނައީ ކީއްވެ؟ ޝަދަފުގެ ޢާއިލާ މީހުން އެކުއްޖާ ހޯދަން މިގެއަށް އައިސްފިއްޔާ ދެންވާނީ ކިހިނެއް؟ ޝަދަފު، ކީއްތިކުރީ…” ޢިޒްވާގެ ސިކުނޑިތެރޭ އެކިއެކި ޚިޔާލުތައް އެނބުރިގަތްވެ.
“އިޒޫ” ޝަދަފުގެ އަޑުއިވުމާއެކު ޢިޒްވާގެ ސަމާލުކަން ޝަދަފަށް ހުއްޓުނެވެ.
“ހޫމް!” ޢިޒްވާއާ ދުރަށް ޖެހިލި ޝަދަފު، އޭނާގެ އަތުގައި ހިފައިގެނެސް އެނދުގައި ބޭންދިއެވެ. އަދި އެނދުމަތީ އޮތް ދަރިފުޅު އުރާލިއެވެ.
“މީ އަހަރެން ގަސްދުގައި ކުރިކަމެއް ނޫން، އިޒޫއާ ވަކިވާކަށް ދުވަހަކުވެސް އަހަރެން ބޭނުމެއްނޫން، އެކަމަކު އަހަންނަށް ގޯހެއް ނުހެދޭ ކަމަކަށް ނުވާނެ، ނޭނގުމުގެ ތެރޭ މިހުރިހާ ކަމެއްމިވީ، އަދިވެސް އެމީހުން ބޭނުންވަނީ އަހަންނަށް އޮޅުވާލަން، ޢިޒްވާއާ އަހަރެން ދުރުކުރަން، އިޒޫ، މީ އީވާ، އަހަރެންގެ ދަރިފުޅު، މިކުއްޖާ އެމީހުންގެ އަތްމައްޗަށް ދޫކޮށްލައިފިނަމަ އަހަރެންގެ ބަލިފަޔަކަށް އެމީހުން މިކުއްޖާ ހަދާނެކަން ޔަޤީން، އަހަރެން ބޭނުމެއްނޫން އެމީހުންގެ ތެރޭ ހުރެ މިކުއްޖާ ބޮޑުވާކަށް، މިދަރިފުޅުގެ ސަބަބުން އަހަންނާ އިޒޫއާ ދެމެދު ކުންޏެއް ޖެހޭކަށް ބޭނުމެއްނޫން، އިޒޫއާ ވަކިން އުޅޭނެހާ ހިތްވަރެއް އަހަރެންގެ ނެތް، އެމީހުންނަކީ އަހަރެންގެ ޢާއިލާއަށް ވިޔަސް އެމީހުންނަށް އަހަރެން އިޒޫދެކެ ވާލޯތްބެއް ނުވިސްނޭ، އަދި އިޒޫ ނޫން މީހަކުދެކެ އަހަންނަށް ލޯތްބެއް ނުވެސްވޭނެ، އަހަންނަށް އެނގޭ އިޒޫ އަހަރެންދެކެ ލޯބިވާވަރު، މިއަދު އަހަރެން އާދޭސްކޮށްފައި މިއެދެނީ، އަހަރެންގެ މިދަރިފުޅުގެ މަންމައަށް އިޒޫ ވެދިނުމަށް، އެދަރިފުޅަށް ފުރިހަމަ ތަރުބިއްޔަތެއް ދެވޭނޭ ހަމައެކަނި ފަރާތަކީތީ، މިއަދުން ފެށިގެން އަހަރެންގެ އީވާގެ މަންމައަކަށްވެދޭނަންތަ؟ މިރާން ފަދައިން މިކުއްޖާގެ ހަށިގަނޑުގައި ވެސް ދައުރުވަމުންދަނީ އަހަރެންގެ ލޭ، އަހަރުމެން މިރާންދެކެ އިޒޫ ވީފަދަ ލޯތްބެއް އީވާދެކެ ވެވިދާނެތަ؟” ޝަދަފު ވަރަށް ހިތްވަރުކޮށްފައި ބުނެލިއެވެ.
ހުރިހާ ވާހަކައެއް އަޑުއަހަން ހުރި ޢިޒްވާ ބަސްހުއްޓިފައި ހުއްޓެވެ. އޭނާއަށް ބެލެނީ އެއްފަހަރު ޝަދަފަށް އަނެއްފަހަރު އެނދުގައި އޮތް އީވާއަށެވެ. ޝަދަފުގެ ލޮލުން ފެންނަނީ ކެތްތެރިކަން ކުޑަވެފައިވާ މިންވަރެވެ. ޢިޒްވާގެ ނިތަށް ރޫއަރައިގެން ދިއުމާއެކު އޭނާ ޝަދަފަށް ފުރަގަސްދިނީ ހާސްވެފައި ހުރިވަރު ފޮރުވާލާށެވެ.
“އިޒޫ” ޢިޒްވާއަށް ޝަދަފު ގޮވާލިއެވެ.
“ޝަދަފު ތިހެން ހެދީމަ ރީޝަމްއަށް ވާނޭގޮތެއް ވިސްނައެއްނުލަން، އަހަންނަކީ މިކުއްޖާގެ މަންމައެއް ނޫނޭ، މިހާ ކުޑައިރު އެކުއްޖާ ބޭނުންވާނީ މަންމަގެ ގާތްކަން” ކަންބޮޑުވެފައި ހުރެ ޢިޒްވާ ބުނެލިއެވެ.
“އީވާއަކީ ގާތުން ބޯކުއްޖެއްނޫން، އެހެންވީމާ އިޒޫއަށް ނުބެލޭންވީ ކީއްވެ؟ ރީޝަމްއާއެކު އޭނާގެ ޢާއިލާ މީހުން ތިބޭނެ. މިވަގުތު އެމީހުންނަށް ވާނީ ކިހިނެއްތީ ނުވިސްނަބަލަ، އަހަރެންގެ ބުނި އެއްޗަކަށް ޖަވާބެއް ދީބަލަ، މީ ރީޝަމްގެ ދަރިއެއްވީމަ އިޒޫއަށް މިކުއްޖާ ގެންގުޅެން އުނދަގޫވާނަމަ އެކަމަށް އަހަރެން މަޖުބޫރެއްނުކުރާނަން، އިޒޫ ޤަބޫލުނޫންނަމަ އަހަރެން މިކުއްޖާ ބަލާނޭ މީހަކު ހޯދަނަން، އިޒޫއަށް އެއްވެސް ކަމެއް ކުރާކަށް ނުޖައްސާނަން، އެކަމަކު އިޒޫ، މުޅިއުމުރަށްވެސް އީވާގެ ބައްޕަގެ ނަމެއް ބަދަލެއްނުވާނެ، އެއީ އަހަރެންގެ ދަރިއަކަށް ނޫނީ ނުވާނެ، އިޒޫ ބޭނުންވިޔަސް އެކަން އަހަންނަށް ބަދަލެއްނުކުރެވޭނެ، ސޯ ޕްލީޒް އިޒޫ، އަހަރެންގެ މިދަރިފުޅުގެ މަންމަކަމުގައި އިޒޫވެދޭނަންތަ، ނޫނީ މިކުއްޖާ ބަލަން މީހަކު ގެންނަންވީތަ، އެއީ މީގެ ފަހުން މިކުއްޖާ ހުންނާނީ އަހަރެންގެ ގާތުގައި” ދަރިފުޅު އެނދުގައި އަނެއްކާ ވެސް ބާއްވާލާފައި ޝަދަފު ތެދުވެގެން އައިސް ޢިޒްވާގެ ކުރިމަތީ ހުއްޓި އޭނާގެ އަތުގައި ހިފާލިއެވެ. އަދި އެމޫނަށް ބަލަމުން ދިޔައީ ޢިޒްވާގެ ޖަވާބެއް އެނގެން ބޭނުންވެފައި ހުރި ފަދައިންނެވެ. ދެލޯމަރާބާރުކޮށްލުމާއެކު ޢިޒްވާ ފުންނޭވާއެއް ލިއެވެ. އޭނާ ޝަދަފުގެ އަތަށް ބާރުކޮށްލުމާއެކު އެދެލޮލަށް ބަލަހައްޓައިގެން ހުރެ ވާހަކަދައްކަން ފެށިއެވެ.
“ޝަދަފު ބޭނުންވަނީ ތިގޮތްކަމުގައިވަނީނަމަ އަހަރެންގެ ފަރާތުން އެކުއްޖާއަށް މަންމައެއްގެ ލޯތްބާއި އަޅާލުން އުނިވިޔަކަ ނުދޭނަން، ޝަދަފަށްޓަކައި މިއަދުން ފެށިގެން އީވާއަކީ އަހަރެންގެ ދަރިއެއް، އެކުއްޖާ އެހެންމީހެއްގެ އަތަށް ދޫކޮށްލާހާ ރަހުމުކުޑަ އަންހެނެއް ނޫން އަހަންނަކީ، އަހަންނަށް އެކުއްޖާ ބެލޭނެ، އިރާދަކުރެއްވިއްޔާ އެކުއްޖާ ބޮޑުކުރާނީ އަހަރެންގެ އަމިއްލަ ދަރިއަކުފަދައިން ހެޔޮ ގޮތުގައި، ރަނގަޅު ތަރުބިއްޔަތު ދީގެން، މަންމައަކަށް ބޭނުންވާ ހުރިހާ ވަގުތަކު އަހަރެން ހުންނާނީ އީވާގެ ގާތުގައި، ޝަދަފު އެކަމާ ކަންބޮޑުވާކަށް ނުޖެހޭނެ، އަހަންނަށް އެނގޭ، ތީ ދަރިންދެކެ ލޯބިވާ ބައްޕައެއްކަން” ޢިޒްވާގެ ލޮލުން ކަރުނަ އައީ ކީއްވެކަމެއް އޭނާއަކަށް ނޭނގެއެވެ. ހިނިތުންވެލި ޝަދަފު ވަގުތުން ޢިޒްވާ ގެނެސް އެއަތުގެ ތެރެއަށް ލުމާއެކު ނިތްކުރީގައި ބޮސްދިނެވެ.
“އަހަރެންގެ ދަރިންނަށް އިޒޫއަށްވުރެ ރަނގަޅު މަންމައެއް ދުވަހަކުވެސް ނުލިބޭނެ، އަހަންނަށް އެނގޭ އީވާ ބޮޑުވާނީ ޢިޒްވާ ފަދަ ރަނގަޅު ތެދުވެރި ހިތެއް ލިބިފައިވާ އަންހެންކުއްޖެއް ފަދައިންކަން” ޝަދަފުގެ ހިތަށް ހަމަޖެހުން ލިބުނީ އަދިކިރިޔާއެވެ. އެތަށް އަހަރުތަކަކަށްފަހު ޝަދަފުގެ ދިރިއުޅުން ބޭނުންވި ގޮތަށް ބަދަލުނުވިޔަސް، ހިތަށް ފިނިކަން އިޙްސާސްވެގެން ހިނގައްޖެއެވެ. އޭނާއަށް މާކުރިން ވެސް ޢިޒްވާ، އީވާ ބަލައިގަންނާނެކަން އެނގޭ ކަހަލައެވެ. އަދިވެސް ޝަދަފުގެ ކުރިމަތީ ހުރި ޢިޒްވާއަށް ބަދަލެއް ނާދެއެވެ. އެމަޑުމައިތިރިކަމާ ބަސްމަދުކަމީ ޝަދަފުގެ ހިތުގައި އެންމެ ފުރަތަމަ ވެސް ޢިޒްވާއާމެދު ޝައުގު އުފެދުނު ސިފަތަކެވެ. އީވާ އުރާލައިގެން އައިސް ޢިޒްވާގެ އަތަށް ޝަދަފު ދަރިފުޅު ދިއްކޮށްލިއެވެ. ފިނިވެފައި ހުރެ ޢިޒްވާ އެކުއްޖާ އުރާލިއެވެ. އަދި ކުލުނުން ފުރިގެންވި ފަދަ ގޮތަކަށް އީވާގެ ކޮލުގައި ޢިޒްވާ ކޮށްޓާލިއެވެ. އަނގައިން ނުބުނެވުނެއްކަމަކު އީވާއަށް ޢިޒްވާއަކީ އޭނާގެ މަންމަ ނޫންކަން އެނގޭނެޔޭ، ޢިޒްވާގެ ހިތަށް އެރިއެވެ. ހިތްހަމަޖައްސާލަން ބޭނުންވި ނަމަވެސް އޭނާ ކަންބޮޑުވަނީ އީވާގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާނުކުރެވިދާނެކަ ކަމާމެދުއެވެ.
* * * *
އީވާގެ ކުޑަބާލީސް ގެނެސް މޭގައި ޖައްސާލައިގެން އިނދެ ރީޝަމް ރޮމުންދިޔައެވެ. ޒަބާ އޭނާގެ ދަރިފުޅުގެ ހިތްހަމަޖައްސައިދިނުމަށްޓަކައި އެކިއެކި ވާހަކަތައް ދައްކަމުންދިޔައެވެ. ވީއެންމެ އަވަހަކަށް ޝަދަފުގެ އަތުން ދަރިފުޅު އަތުލާނެކަމެވެ. އެހެންނަމަވެސް ރީޝަމް ބޭނުންވަނީ ހަމައެކަނި ދަރިފުޅެއް ނޫނެވެ. އޭނާގެ ހަޔާތަށް އެނބުރި ޝަދަފު ގެނައުމަށް ވެސް ބޭނުންވެއެވެ.
“މަންމާ ޕްލީޒް، އަޅުގަނޑު މަރުވެދާނެ، އީވާ އާއި ޑިފީ، އަޅުގަނޑުގެ ގާތަށް ގެނެސްދީ، މިހާރު އީވާ އަޅުގަނޑު ބޭނުންވެގެން ރޯނެކަން ޔަޤީން” ރީޝަމް ރޮމުން ބުނަމުންދިޔައެވެ.
“މިހުރިހާ ވެސް ކަމަކީ އެއަންހެނާގެ ކަންތައް، ހިތަށް އަރާ ދެވަނަ ފަހަރަށް ޑިފީގެ ދިރިއުޅުމަށް ވިހަލީ ކިހިނެއްބާއޭ، ކޮންއިރަކު ޑިފީ އޭނާއާ ދިމާވީ، ޔަޤީނޭ ޑިފީއަށް ފާރަލަނީކަން، ދެރައީ އަސްމާ ވެސް އޭނާ މާލެ އަންނަން ޤަބޫލުވީމަ، މާލެ ނައިނަމަ މިއިން އެއްވެސް ކަމެއް ނުވީސް، ދެން ކިހިނެއް ހަދާނީ” ހާސްވެފައި އިން ޒަބާގެ ހިތަށް އަރަމުންދިޔައެވެ.
އެންމެންގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. އަސްމަހާނު، ތަރަފްގެ ގާތުން އެދެމުން ދިޔައީ ޝަދަފާއި އީވާ ގެނެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށެވެ. އޭގެ އިތުރުން އެންމެންގެ ހާޒިރުގައި ޢާއިލާގެ ވަކީލު ޒިޔާން ޤަނޫނީ ލަފާ ދެމުންދިޔައެވެ. އޭނާ ވެސް ބުނަމުންދިޔައީ ޝަދަފުގެ ހުށިޔާރުވާހަކައެވެ. ކުރީބައިގައި އެމީހުންނަށް އަންގާވެސް ނުލާ ގިނަ ކަންތައްތަކެއް ނިންމާލާފައި އޮތްކަމެވެ. ދަރިފުޅު ހޯދުމަށް މަސައްކަތްކުރިޔަސް އެއީ ވަރަށް ދަތިކަމެއްކަމުގައި ޒިޔާން ބުންޏެވެ.
ޝަދަފުގެ ޢާއިލާ ހުށަހަޅާނެ މައްސަލައެއްނެތްކަމުގައި ވިޔަސް ރީޝަމްގެ ޢާއިލާއިން މަޑަކުން ނުތިއްބެވެ. އީވާ ހޯދުމަށް އެމީހުން ކޯޓަށް މައްސަލަ ހުށަހެޅިއެވެ. ދަރިފުޅު ކިތަންމެ ކުޑަނަމަވެސް ޒަބާމެންނަށް ކުރި ލިބޭގޮތެއް ނުވިއެވެ. މަސްދުވަހަށް ދެމިގެން ދިޔަ މައްސަލަ ނިމުނީ ޝަދަފު ބޭނުންވި ގޮތަކަށެވެ. ރީޝަމްއަށް ދަރިފުޅު ފެންނާނީ އެކުއްޖާގެ އުމުރުން ބާރައަހަރު ވީމައިކަން ކޯޓުން އެންގިއެވެ. އެވެސް ދަރިފުޅުގެ ބައްޕަގެ ހާޒިރުގައި އެވެ. އޭރުން ވެސް ދަރިފުޅު ރީޝަމްއަށް ލިބޭނީ އެކުއްޖާ އަމިއްލަ ރުހުމުގައި ރީޝަމްގެ ގާތަށް ހިނގައްޖެނަމައެވެ.
ކޯޓުގެ ނިންމުން އަޑުއިވުމާއެކު ރީޝަމް ކޮންޓްރޯލުން ނެއްޓިއެވެ. އެނިންމުމަކީ އެއްގޮތަކަށް ވެސް ޤަބޫލުކުރެވޭ ފަދަ ނިންމުމެއްނޫންވީމައެވެ. ނަމަވެސް ކުރެވޭނޭ އިތުރު އެއްވެސް ކަމެއް ނެތެވެ. ކަރުއެލުވާލައިގެން ތިބެ އެންމެން އެނބުރި ގެއަށް އައީއެވެ.
“އެއަންހެނާ ބުނާގޮތަށްކަން ޔަޤީން ޝަދަފު ކަންތައް އެކުރަނީ، އެހެންނޫނީ މައިމީހާއާ ދަރިފުޅާ ވަކިކުރާކަށް ޝަދަފަކަށް ނުކެރޭނެ، އޭނާ އެއުޅެނީ އެކުއްޖާ ހަލާކުކޮށްލަންކަން ޔަޤީން، އޭނާގެ ދަރިއެއްނޫންވީމަ އޭނާއަށް ކޮންކަމެއް، އެކުއްޖާއަށް ކޮންމެ ގޮތަކަށް ބޮޑުވިޔަސް އެކަމުން އޭނާއަށް ލިބޭނެ ގެއްލުމެއްނެތް” ރުޅި އައިސް ރަތްވެފައި އިނދެ އަސްމަހާނު ކުދިކިޔާ އުސޫލުން ކިޔަމުންދިޔައެވެ. އޭރު އަސްމަހާނާއެކު ކޮޓަރީގައި ތަރަފް ވެސް އިނެވެ.
“އަހަންނަށް ރަނގަޅީ ދުވަހަކު ވެސް އޭނާއަށް ރަނގަޅުގޮތެއް ނުވިއްޔާ” އަސްމަހާނު މިހެން ބުނިތަނާ ތަރަފް ކުއްލިއަކަށް ތެދުވިއެވެ.
“އަސްމާ، ދެންހެޔޮ، ކޮންހާ ބަދު ދުޢާއެއްކުރާކަށް، ދަރިފުޅުގެ އުފާތަކަށް އަދިވެސް ހުރަސްއަޅަނީތަ، ޝަދަފު ހިތްހަމަޖެހޭ ގޮތަކަށް އުޅެން ދޫކޮށްލިއްޔާ ވާނީ ކީއް، އަހަރުމެންނަށް ފެނުނެންނު އޭނާ އެއަންހެން ކުއްޖާއާ އިނދެގެން ފަސްއަހަރު އުޅުނު ގޮތް، އަހަރުމެން ގާތަށް ކަމަކު ކިޔަން އައިތަ، އެއަންހެން ކުއްޖަކީ ފައިސާއަށް ދަހިވަތިވާ އަންހެންކުއްޖެނަމަ އަހަރުމެންގެ ޝަދަފު މެދުވެރިކޮށް މިޢާއިލާއަށް ވެރިވާން މަސައްކަތްކުރީސް، އެކަމަކު އެކަހަލަ އެއްވެސް ކަމެއް ފެނުނުތަ، އަހަންނަށް ހީވަނީ އަސްމާއަށް ވެސް މިކަންކަން ނޭނގެނީއެއް ނޫންހެން، ރާއްޖެތެރޭ ކުއްޖަކަށް އެއަންހެންކުއްޖާ ވީކަން ހުރިހާ ވެސް މައްސަލައަކީ، އެންމެ ފުރަތަމަ ދުވަހުވެސް ޝަދަފު ބޭނުންވިގޮތަށް ކަންތައްކުރުމުގެ ހުއްދަ ދިންނަމަ މިއަދު އަހަރުމެންނާ ޝަދަފާ އޮތް ގުޅުން ކެނޑިގެންނުދިޔައީސް، އަދި ރީޝަމް އާއި ޝަދަފުގެ ދެމެދުގައި ވެސް ރުޅިވެރިކަމެއް ނުއުފެދުނީސް، އަސްމާއަށް މިހާރު ވިސްނެންވެއްޖެ އެންނު، އަހަރެންގެ ޝަދަފަކީ ހެވާ ނުބައި ވަކިނުވާނޭ ކުއްޖެއްނޫން، އޭނާ ފިޔަވަޅު އަޅާނީ ވަރަށް ވިސްނާފައި، އެއަންހެން ކުއްޖާގެ ފަރާތުން އޭނާ ކަމުދާ ސިފަތަކެއް ފެނުނީމަ އެހެން އެއުޅެނީ، އަނެއްކާ ޝަދަފު ވެސް އެދެއްކީ ދޮގު ވާހަކައެއްނޫން، ދަރިއެއްކަމަކު އަހަރުމެން އޭނާއަށް އޮޅުވާނުލަންތަ، އޭނާގެ ދަރިއަކު ހުރިއިރު އެންމެ ފަހަރަކު ވެސް އެކުއްޖާ ދެކިލަން އަހަރުމެން ނުދަން، އަސްމާ ބޭނުންނުވިޔަސް އެއީ އަސްމާގެ ފުރަތަމަ މާމަ ދަރިފުޅެންނު، ޝަދަފަށް ބޮޑުކަމެއް ދިމާވާހިނދު އެކުއްޖާ ގާތުގައި އަހަރެން ހުންނަން ބޭނުންވާނޭ ވަރު އަހަންނަށް އެނގޭ، ވީއިރު ޝަދަފު، އޭނާގެ ދަރިފުޅުގެ ގާތުގައި ހުންނާކަށް ބޭނުމެއްނުވާނެތަ، ނޫނީ އެކުއްޖާ ޝަދަފަށް ބޭނުމެއްނުވާނެތަ، އަހަންނަށް ރަނގަޅީ އަސްމާ ދެން ޝަދަފު ގެންނަން މަސައްކަތް ނުކުރިއްޔާ، އޭނާ އަމިއްލައަށް އަންނަން ބޭނުންވި ދުވަހަކުން އަންނަން ބެހެއްޓިއްޔާ، އަހަރެންގެ ޝަދަފަކީ އަހަރުމެންހާ ހިތްހަރު ކުއްޖެއްނޫން، އަހަންނަށް ޔަޤީން އަހަރުމެންނަށް ބޮޑުކަމެއް ޖެހިއްޖެނަމަ އޭނާ އަހަރުމެންގެ ގާތަށް އަންނާނެކަން، އަހަރުމެންގެ ހާލު ބަލާނެކަން، އަހަރެން މިހާރު ބޭނުންވަނީ ޝަދަފު އުފަލުގައި އުޅެން، އޭނާ ނުކުމެގެން ދަމުން އަހަންނަށް އެބަލާލި ބަލާލުމުން ވަރަށް ގިނަ ވާހަކަ އަހަރެން ގާތުގައި ބުނެފައި ޝަދަފު އެދިޔައީ، އަހަރުމެންގެ މައްޗަށް އޮތް އިތުބާރު ވަނީ ގެއްލިފައި، މައިންބަފައިންދެކެ ލޯބިވާއިރު ވެސް އޭނާއަކީ މައިންބަފައިންނާ ޚިލާފުވާ ކުއްޖަކަށް ހެދީ އަހަރުމެން” ތަރަފް ދެއްކި ވާހަކަތަކުން އަސްމާނު އިނީ އިތުރަށް ބަހެއް ވެސް ބުނަން ނުކެރިފައެވެ. ދުވަހަކުވެސް އަސްމާ ބޭނުންވި ގޮތާ ދެކޮޅު ހަދާފައެއް ތަރަފް ނުވެއެވެ. ނަމަވެސް މިއަދު ތަރަފް ބޭނުންވަނީ ޝަދަފުގެ ހިތްހަމަޖެހުމެވެ. ދަރިފުޅު ވަކިވެގެން ދިޔައީތީ އޭނާއަށް ވެސް ވަނީ އަސަރުތަކެއް ކޮށްފައެވެ.
“މެޑަމް، ރީޝް، ޝީޒް ލީވިންގ” އަސްމަހާނުގެ ކޮޓަރީގައި ޓަކިދީފައި އެތެރެއަށް ވަން އަމޯރާ ބުނެލިއެވެ. އެއާއެކު އަސްމަހާނާއި ތަރަފް އެކަކު އަނެކަކަށް ބަލާލީ ސުވާލުން ފުރިގެންވިފަދަ ގޮތަކަށެވެ. އަދި އަވަސް އަވަހަށް ކޮޓަރިން ނުކުމެގެން ރީޝަމް ހޯދަމުން ބޮޑުކޮޓަރިއަށް އައެވެ. އޭރު ޒަބާ އެތަނުގައި މަޑުކޮށްލައިގެން ހުއްޓެވެ.
“ޒަބާ، ކިހިނެއްތަ މިވަނީ؟” ހައިރާންވެފައި އަސްމަހާނު އަހާލިއެވެ.
“އަހަރެން މިއައީ ރީޝަމް ގުޅާފައި ބުނީމައި، އޭނާ ބޭނުންވަނީ ގެއަށް ދާން” ޒަބާ ހުރީ ކަންތައް ވާގޮތުން ވަރަށް ދެރަވެފައެވެ.
“މިވަގުތު ރީޝްއަށް އެންމެ ރަނގަޅުވާނީ ގެއަށް ދިޔައީމަހެން އަހަންނަށް ވެސް ހީވަނީ، މިގޭގައި ހުރެގެން އެކުއްޖާއަށް ހަމަޖެހުމެއް ނުލިބޭނެ” ތަރަފް ބުނެލިއެވެ. އަސްމާ، ތަރަފްއަށާއި ޒަބާއަށް ބަލާލީ އިތުރު ގޮތެއް ދެންނޯންނާތޯ އަހާލާ ފަދަ ގޮތަކަށެވެ. އެހިނދު ތަރަފް ބޯޖަހާލަމުން އަސްމަހާނުގެ ކޮނޑުގައި ފިރުމާލީ ހަޤީޤަތް ޤަބޫލުކުރާށޭ ބުނާ ކަހަލަ ގޮތަކަށެވެ. އޭރު ރީޝަމް އެތަނަށް އަތުވެއްޖެއެވެ. އޭނާގެ ފޮށި ހިފައިގެން އުސައިދު ހުއްޓެވެ. އަސްމަހާނަށް ބަލާލަމުން ރީޝަމް އައިސް އޭނާގެ ކުރިމަތީ ހުއްޓުނެވެ.
“މަންމާ، އަޅުގަނޑަށް ޝަދަފާއި އިވާއާ ނުލާ މިގޭގައި އުޅުން ފަސޭހައެއްނޫން، އެހެންވެ އުޅެބޮޑުވިގެއަށް މިދަނީ، މަންމަދެކެ ހިތްހަމަނުޖެހިގެންނެއްނޫން، އަދި މިގޭ މީހުން އަޅުގަނޑުދެކެ ލޯބި ނުވާތީއެއް ވެސް ނޫން، ޕްލީޒް މަންމާ، ދުވަސްކޮޅަކަށް އަޅުގަނޑު އެކަނިވެލަން ބޭނުން، އަޅުގަނޑު ދިޔަޔަސް އެންމެ ރަނގަޅުތޯ” ރޮވިފައި ހުރި ގޮތަކަށް ރީޝަމް ބުންޏެވެ. އަސްމަހާނު ރީޝަމްގެ މޫނުގެ ދެފަރާތުން ހިފާލުމާއެކު މަޑުމަޑުން ބޯޖަހާލިއެވެ. އަދި ރީޝަމްގެ ގެނެސް ގަޔާ ކައިރިކޮށްލަމުން ބުރަކަށީގައި ފިރުމާލީ ދަރިއަކު ފަދައިންނެވެ. އޭނާއަށް ރީޝަމްގެ ރަތްވެ ދުޅަވެފައި ހުރި ދެލޯ ފެނެއެވެ. ރީޝަމްގެ ހުރިހާ ވަގުތެއްހެން އޭނާ ހޭދައެކުރަނީ ހިތާމަކުރުމުގައެވެ. އެއީ އަސްމަހާނު ބޭނުންވާގޮތެއް ނޫނެވެ. އެހެންވެ އެކުއްޖާއަށް ހިތްހަމަޖެހުމެއް ލިބެންއޮތީ އެގެއިން ނިކުމެގެން ކަމަށްވަންޏާ އެގޮތް ވެސް އަސްމަހާނަށް އެންމެ ރަނގަޅެވެ.
“ޒަބާ، ދެ ޢާއިލާގެ ދެމެދު އޮތް ގުޅުން ހީނަރުވާކަށް އަހަރެން ބޭނުމެއްނޫން” ދަރިފުޅާއެކު ހިނގައިގަތް ޒަބާގެ އަތުގައި ހިފެހެއްޓި އަސްމަހާނު ބުނެލިއެވެ.
“އިރާދަކުރެއްވިއްޔާ އެހެނެއްނުވާނެ، އަހަރުމެން ގޭގެ ދޮރު އަސްމާމެންގެ ޢާއިލާއަށް އަބަދު ވެސް ހުންނާނީ ހުޅިވިފައި، ކަންތައް މިވީ އަހަރެން ވެސް ބޭނުންވި ގޮތަށް ނޫން، ޝަދަފުގެ ހަނދާންތައް އަނބުރާ އައުމުން ދެންވާނީ ކިހިނެއްތޯ ކުރިން ވިސްނާލެވުނުނަމަ މިހެނެއްނުވީސް ކަންނޭނގެ” ޒަބާ ހިނިތުންވެލަން މަސައްކަތްކުރިއެވެ.
“އިރާދަކުރެއްވިއްޔާ ޝަދަފަށް އަދި ވިސްނޭނެ، އަހަރުމެން ހީނުކުރާހާ އަވަހަށް ވެސް އޭނާ އަތުވެދާނެ އީވާ ގޮވައިގެން ރީޝަމްގެ ގާތަށް” އަސްމަހާނު ބޭނުންވީ އުންމީދު ގެއްލުވާނުލާށެވެ. ނަމަވެސް އެވަގުތު އެތަނުގައި ދެންތިބި އެކަކުގެ މޫނުންވެސް އެފަދަ ކުލަވަރެއް ނުފެނުނެވެ.
ތަރަފް އާއި އަސްމަހާނު ބަލަހައްޓައިގެން ތިއްބާ އެގޭ ދޮރުން ޒަބާ އާއި ރީޝަމް ނުކުމެގެން ދިޔައެވެ. އެމަންޒަރު ފެނި އަސްމަހާނުގެ ލޮލުން ކަރުނަ ނިރާލިއެވެ.
* * * *
ޝަދަފު ބޭނުންވީ އަނބިމީހާ އާއި ދަރިފުޅު ގޮވައިގެން މާހައުލު ބަދަލުކޮށްލާށެވެ. ދަރިފުޅު ކުޑަވީމައާއެކު އެއްވެސް މީހެއްގެ ނުފޫޒު ޢިޒްވާއަށް ފޯރަން ޝަދަފު ނޭދޭތީއެވެ. ރާއްޖޭން ބޭރުގައި ދުވަސްތައް ހޭދަކުރިއެއްކަމަކު އޭނާ އާއި ނަވާލުގެ ގުޅުމައް ބަދަލެއް ނާދެއެވެ. ދެއެކުވެރިން ވެގެން ވިޔަފާރީގެ ކަންކަން ހަމަޖައްސަމުންދިޔައެވެ. ދުރުގައި ތިބެގެންނެވެ. ޢިޒްވާއަށް އެއްވެސް ކަމެއް އުންޏެއް ނުވެއެވެ. ޝަދަފު އޭނާގެ ހަޔާތަށް އީވާ ގެނެސްދިން ދުވަހުން ފެށިގެން ޢިޒްވާގެ ދިރިއުޅުމުގައި އިތުރު ކުލައެއް ޖެހިފައިވާކަހަލައެވެ. އީވާގެ އަނގައިން ނުކުން ފުރަތަމަ އަޑާއި، އެކުއްޖާ މަންމަ ކިޔަން މަސައްކަތް ކުރި ދުވަސްމަތިން ޢިޒްވާ ދުވަހަކު ވެސް ހަނދާނެއްނުނެތޭނެއެވެ. އެހެންނަމަވެސް އީވާއަކީ ރީޝަމްގެ ދަރިއެއްކަން ޢިޒްވާ ހަނދާންނައްތައެއް ނުލައެވެ.
އީވާގެ އުމުރުން ތިންއަހަރު ފުރެންއުޅެނިކޮށް ޝަދަފާއި ޢިޒްވާއަށް ފިރިހެން ދަރިއަކު ލިބުނެވެ. ހީވީ މިރާންގެ ބަދަލުގައި އެފަދަ ކުޑަކުޑަ މިރާންއެއް ޢާއިލާއަށް އައިހެންނެވެ. ކުޑަކުޑަ ޔާވިންއާ ހެދި އީވާ ނިކަން ވަރު ހުރެއެވެ. އެދެމެދުގައި އެއްވެސް ފަރަގެއް ނުވާކަހަލައެވެ. ޝަދަފުގެ މޫނުމަތިން ފެންނަ ހިނިތުންވުން ޢިޒްވާގެ ހަމަޖެހުންކަމުގައި ވެގެންދިޔައެވެ. ޢިޒްވާ ދެދަރިން ބޮޑުކުރަން ބޭނުންވީ އެދެކުދިންގެ ދެމެދުގައި އެއްވެސް ތަފާތުކުރެމެއް ނެތިއެވެ. އެކަމަށް ޝަދަފު ވެސް ސަމާލުވެއެވެ.
* * * *
އެގާރަ އަހަރު ފަސް
“މަންމާ، މަންމާ…” އަސްމަހާނަށް ގޮވަމުން އައިސް ބަދިގެ ފަރާތަށް އީޝާ ވަނެވެ.
“ހާދަ އަޑުގަދަ ކޮށްލައިގެން، ދުންޏާއަށް ކަމެއްވީތަ؟” އީޝާ ފެނުމާއެކު އަސްމަހާނު އަހާލިއެވެ.
“މަންމާ، އިޓްސް ޑިފީ” އީޝާގެ ދުލުން ޝަދަފުގެ ނަން އިވުމާއެކު އަސްމަހާނުގެ ހަރަކާތްތައް ހުއްޓުމަކަށް އައެވެ. އަދި ހައިރާންވެފައި އީޝާއަށް ބަލާލިއެވެ.
“ޝަދަފަށް ކިހިނެއްވީ” ކަންބޮޑުވެފައި އަސްމަހާނަށް އަހާލެވުނެވެ.
“ޑިފީއަށް ކަމެއްނުވޭ، މިއޮތީ މަންމާ، ޑިފީ ފޮނިވި މެއިލްއެއް” އީޝާ އައިސް އަސްމަހާނަށް ފޯނު ދައްކާލަމުން ބުންޏެވެ.
“ކީކޭތަ އޮތީ، ކިޔާދީބަލަ” ފޯނުން އަކުރުތައް ފެންނަލެއް ކުދިކަމުން އަސްމަހާނު ބުނެލިއެވެ.
“މާދަމާ މެންދުރުފަހު މިގެއަށް އަންނާނަމޯ، އީވާ ގޮވައިގެން، ރީޝަމްއަށް އެމެސެޖު ފޯރުކޮށްދޭށޯ” އީޝާ އެއްނޭވާއިން ހުރިހާ އެއްޗެއް ކިޔާލިއެވެ. ވަގުތުން އަސްމަހާނަށް ރޮވިއްޖެއެވެ.
“މަންމާ، ޑިފީ ގެއަށް އަންނައިރު މަންމަ ރޮނީތަ” އީޝާ، އަސްމަހާނުގެ ގޮނޑުގައި ވަށާލި އަތާއެކު މަންމަ ގަޔާ ކައިރިކޮށްލިއެވެ.
“ފެންނާތީ އުފާވޭ، އެކަމަކު މިފަހަރު ކުރަން އެއަންނަނީ ކީއްކަމެއް ވެސް ނޭނގޭ، ދުވަހަކުވެސް ހަމަޖެހުމެއްނެތްބާއޭ ހިތަށް މިއަރަނީ، ރީޝް ފަކީރު އަދިވެސް އެއުޅެނީ އެހިތާމައިގައި” އަސްމަހާނު ކަންބޮޑުވީ ޝަދަފު އައިސް ކޮށްފާނޭ ކަމެއްނޭނގޭތީއެވެ.
“ކަމޯން މަންމާ، ވެދާނެ އެންނު ޑިފީއަށް ވިސްނުނީ ކަމަކަށްވެސް” އަސްމަހާނު ބޭނުންވީ އީޝާ ބުނިއެއްޗެއް ޤަބޫލުކުރާށެވެ.
އެތަށް އަހަރުތަކަކަށް ފަހު އީވާ ފެންނަ އުޅޭތީ ރީޝަމްގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. ދަރިފުޅު ހުންނާނެ ގޮތެއް ހިތަށް ސިފަވެސް ނުކުރެވޭތީއެވެ. ޝަދަފު، އީވާ ގެންދިޔަ ފަހުން އެކުއްޖާގެ އެއްވެސް ޚަބަރެއް ރީޝަމްއަކަށް ނުލިބެއެވެ. ދަރިފުޅު ދެކިލާހިތުން ހިތް އޮބި ނޯވެގެން ޝަދަފުގެ އޮފީހަށް ގުޅުމުން ލިބެނީ އެއްޖަވާބެކެވެ. އެއީ ޝަދަފު ރަށުގައި ނެތްކަމެވެ. އެނބުރި އަންނާނެ ދުވަހެއް ނޭނގޭކަމެވެ. ހީވަނީ އެމީހުން ވެސް ރީޝަމްއަށް އޮޅުވާލަނީ ހެންނެވެ.
ލޯގަނޑު ކުރިމަތީ އިނދެ ތައްޔާރުވަމުން ދިޔަ ރީޝަމްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެފައި ވެއެވެ. އޭނާގެ ސިކުނޑީގައި އެތައް ޚިޔާލުތަކެއް އުފެދިވެފައި ވެއެވެ. ދަރިފުޅާ ބައްދަލުވުމުން އެކުއްޖާއާ ދައްކާނީ ކޮންވާހަކައެއް ކަމެއް ވެސް ރީޝަމްއަށް ނޭނގެއެވެ. އަނެއްކޮޅުން އެދަރިފުޅަށް އޭނާގެ އަސްލު މަންމަ ވަކިކުރަން އެނގިދާނެކަމާމެދު ވެސް ރީޝަމް ސުވާލު އުފެދިފައި އިނެވެ. ނޫނީ ޝަދަފު ޢިޒްވާ ދޫކޮށްލީބާއޭ ވެސް ރީޝަމްގެ ހިތުގައި ސުވާލު އުފެދުނެވެ. ބާރަށް ތެޅެމުންދިޔަ ހިތުގައި ރީޝަމް ފިރުމާލިއެވެ. އަދި ދެލޯ މަރާލަމުން ހަށިފުރާ ނޭވައެއް ލިއެވެ. ޝަދަފުދެކެ އޭނާ އަދިވެސް ލޯބިވެއެވެ. އެލޯތްބަށް ބަދަލެއް ނާދެއެވެ. އެހެންވެ ޝަދަފު ބޭނުންވެއްޖެނަމަ ރީޝަމް އޭނާއާ ގުޅެން ނިންމިއެވެ. އުންމީދުން ފުރިގެންވި ފަދަ ގޮތަކަށް އަމިއްލަ ސޫރައަށް ލޯގަނޑުން ބަލާލުމަށްފަހު ރީތިވާ މޭޒު ދޮށުން ރީޝަމް ތެދުވިއެވެ.
“މަންމާ، ހިނގާ ދަމާ، ބައްޕަ ރެޑީތަ” ރީޝަމް އައިސް ޒަބާގެ ކޮޓަރި ދޮރުމަތީ ހުއްޓިލަމުން ބުނެލިއެވެ. ޒަބާ އާނއެކޭ ބުނުމުގެ ގޮތުން ބޮލުން އިޝާރާތްކޮށްލާފައި ތެދުވިއެވެ. އަދި ދެމައިން އެކުގައި ސްޓަރލައިޓް ހޭވަންއަށް ދިއުމަށް ނުކުތެވެ.
ފާއިތުވެ ދިޔަ އަހަރުތަކާއެކު އެންމެންގެ ދިރިއުޅުމަށްވެސް ބަދަލުތަކެއް ވަނީ އައިސްފައެވެ. ޝަދަފުގެ އިންތިޒާރުގައި ގޭގެ ބޮޑުކޮޓަރިތެރޭ އެންމެން ތިބި ކެތްތެރިކަން ކުޑަވެފައި ތިބިހެންނެވެ. އެއްވެސް މީހަކަށް ޝަދަފު އަންނަނީ ކީއްވެކަމެއް ނޭނގެއެވެ. އެކަމަކު އެކި ޚިޔާލުތައް ބަދަލުކުރެވުނެވެ. އެމީހަށް ފެންނަ ގޮތަކަށް ވާހަކަދެއްކިއިރު އެންމެން ވެސް ތިބީ ކަންބޮޑުވެފައި ކަން ހާމަވެއެވެ. އެހެންތިއްބާ ފެނުނީ ގޭގެ ބޮޑުދޮރުން ވަދެގެން އައި ޒުވާނާއެވެ. އޭނާގެ އެއްއަތުގައި ކުޑަފިރިހެން ކުއްޖަކު ހިފަހައްޓާލައިގެން ހުރިއިރު އަނެއްއަތުން ޝަދަފު ހުރީ އޭނާގެ އަނބިމީހާގެ ގައިގާ ހިފަހައްޓާލައިގެންނެވެ. ޢިޒްވާގެ އަތުގައި ހިފާލައިގެން ހުރި އަންހެން ކުއްޖަކީ އީވާކަން އެންމެނަށް ވެސް ދެނެގަންނަ އުނދަގުލެއްނުވިއެވެ. އޮމާންކޮށްލާފައި އެއްފަރާތަށް ހުޅިއެއްހެން ޖަހާލައިފައި ހުރިއިރުވެސް އެކުއްޖާއަށް ލިބިފައިވަނީ ރީޝަމްގެ ބުޅި އިސްތަށިގަނޑެވެ. ބޮޑުކޮޓަރިތެރެއަށް ޝަދަފު ވަދެގެން އަންނަން ފެށުމުން އެންމެންގެ ތެރޭ އިނދެފައި އެންމެ ފުރަތަމަ ވެސް ތެދުވީ ރީޝަމްއެވެ. އޭނާއަށް ޢިޒްވާގެ އަތުގައި ހިފާލައިގެން ހުރި އީވާ ފެނުމާއެކު ހިތަށް ތޫނު ތަދެއް އިޙްސާސްވެގެން ދިޔައެވެ. ވަގުތުން އައިސް ޢިޒްވާގެ އަތުން އީވާ ޖަހައިގަންނަން ރީޝަމްގެ ހިތަށް އެރިއެވެ.
“މިހިރީ އީވާ، އަޅުގަނޑު މިގެއަށް މިއަދު މިއައީ އީވާއަށްޓަކައި، އެދަރިފުޅަށްޓަކައި އަޅުގަނޑު ނުކުރާނެކަމެއް ނޯންނާނެ، ދެން މިހިރީ އަޅުގަނޑުގެ ހަގުދަރިފުޅު ޔާވިން، އީވާ ބޭނުންވަނީ އޭނާގެ މަންމަ އާއި މާމަމެން ދެކިލާ އެމީހުންނާ ބައްދަލުކޮށްލަން” ޝަދަފު، އީވާއަށް އަތްދިއްކޮށްލުމާއެކު އެއަތުގެތެރެއަށް އެކުއްޖާ އައިސް ވަނެވެ.
“އީވާ…” ރީޝަމްއަށް މަޑުމަޑުން ދަރިފުޅުގެ ނަމުން ގޮވާލެވުނެވެ. އެއާއެކު އީވާ ބަލާލީ ޝަދަފަށާއި ޢިޒްވާއަށެވެ.
“އެއީ ދަރިފުޅުގެ މަންމައެންނު، މަންމާ އެބުނީ އަންނާށޭ” ލޯތްބާއިއެކު ހިނިތުންވެލި ޢިޒްވާ ގުދުވެލަމުން ސިއްރުން ކަހަލަ ގޮތަކަށް އީވާގެ ކަންފަތްދޮށުގައި ބުނެލިއެވެ. ޢިޒްވާގެ ގައިގާ ބައްދާލި އީވާ ހެވިފައި ހުރެ ރީޝަމްގެ ގާތަށް އައެވެ.
“މަންމާ” އީވާގެ އެންމެ ގޮވާލުމަކުން ރީޝަމްގެ މަޑުވެ ކުދިކުދިވެގެން ދިޔަކަހަލައެވެ. ދަރިފުޅުގެ ގައިގާ އޮޅުލައިގަތުމާއެކު ރޯންފެށިއެވެ.
“އައިއެމް ސޮރީ، އައި މިސްޑް ޔޫ ޑިފީ” އީޝަ އައިސް ޝަދަފުގެ ގައިގާ އޮޅުގައިގަންނަމުން ބުންޏެވެ.
“އިޓްސް އޯކޭ، އެދުވަސް ހިނގައްޖެއެންނު” ޝަދަފު ހިނިތުންވެލަމުން ބުނެލިއެވެ. އޭރު ތަރަފް އައިސް އެމީހުންގެ ގާތުގައި މަޑުކޮށްލަނީއެވެ.
“ބައްޕައަށް އެނގޭ ދަރިފުޅު އަންނާނެކަން، ދަރިފުޅުގެ އަންހެނުންނާ ބައްޕައާ ބައްދަލެއްނުކޮށްދޭނަންތަ” ޝަދަފުގެ ކޮނޑުގައި ޖަހާލި ތަރަފް ހިނިތުންވެލައިގެން ހުރެ ބުންޏެވެ.
ބައްޕަގެ ފަރާތުން ފެނިގެންދިޔަ ގާތްކަން ޝަދަފަށް ހިތްވަރަކަށް ވެގެންދިޔައެވެ. އޭނާ އެނބުރި އެމީހުންގެ ގާތަށް ނާންނަން ނިންމައިގެން ހުއްޓެއްކަމަކު މިއަދު އެމީހުންގެ ކުރިމައްޗަށް އަރާހުންނަން ޝަދަފަށް އުނދަގޫވިއެވެ. އެހެންނަމަވެސް ދަރިފުޅު އީވާއަށްޓަކައި ޢިޒްވާ އޭނާގެ ގާތުގައި ކުރި އާދޭހުގެ ސަބަބުން އެކުއްޖާއަށްޓަކައި އޭނާ އެނބުރި ޢާއިލާގެ ގާތަށް އަންނަން މަޖުބޫރުވީއެވެ. އީވާގެ އުމުރުން ބާރަ އަހަރު ފުރެން ގާތްވެފައި ވާއިރު އެކުއްޖާގެ ސުވާލުތަކަށް ޖަވާބުދޭން ޢިޒްވާ ބޭނުންވާތީއާ ވެސް އެކުއެވެ. އެކަމުގައި ޝަދަފުގެ އެއްބާރުލުން ވަރަށް މުހިންމެވެ.
ޝަދަފު ހިނިތުންވެލަން މަސައްކަތް ކުރަމުން ގާތުގައި ހުރި ޢިޒްވާއަށް އިޝާރާތްކޮށްލަމުން އޭނާގެ ނަންކިޔާލިއެވެ. އެއާއެކު ހިނިތުންވެލި ޢިޒްވާ ސަލާމަށް ދިއްކޮށްލި އަތުގައި ތަރަފް ހިފިއެވެ. އަދި ޅީދަރިފުޅުގެ ބޮލުގައި ފިރުމާލުމާއެކު އޭނާގެ މޫނުމައްޗަށް ވެރިވެގެންދިޔައީ ހިތައިމައިގެ ކުލަވަރެވެ.
“ކޮންމެ ޢާއިލާއެއްގެ ތެރޭވެސް މައްސަލަތަކެއް ހުންނާނެ، ބައްޕަ އުފާވޭ ޝަދަފު އުފަލުގައިކަން އުޅެނީ އެނގުނީމަ، އެކަމުގެ ހުރިހާ ޝުކުރެއް ހައްޤުވަނީ ދަރިފުޅަށް، ވަރަށް ބޭނުން ތިދެކުދިން މިގެއަށް ގެންނަން، ޝަދަފުގެ އުފާތަށް ގުޅިފައިވަނީ ދަރިފުޅާ، ބައްޕައަށް އެވަރު ނުވިސްނުނީތީ ވަރަށް ދެރަވޭ” ތަރަފްގެ ވާހަކަ އަޑުއިވި ޝަދަފު، އޭނާގެ ބައްޕަގެ ކޮނޑުގައި ފިރުމާލަމުން ވާހަކަދެއްކިއެވެ.
“ބައްޕާ، ވީކަމެއްވީތާ، މިހާރު ދެން އެކަމާ ނުވިސްނަމާ” ޝަދަފު ބުންޏެވެ.
“ތެދެއް ބައްޕާ، އަޅުގަނޑުގެ ހިތުގައި އެއްވެސް ބުރަކަމެއްނެތް، މިއަދު މީ އީވާގެ ދުވަސް، އެދަރިފުޅުގެ އުފަލަށްޓަކައި ކަންކަން ނިންމަންވީ ދުވަސް” ޢިޒްވާ މިހެން ބުނެލިއިރު އޭނާގެ ނަޒަރު ހުއްޓުފައި ހުރީ ރީޝަމްއަށެވެ.
އީވާގެ ގައިގާ ބައްދަ ބައްދާފައި ރީޝަމް ރޮނީއެވެ. އެކުއްޖާގެ މޫނުގައި ބޮސްދިނީ ކިތައްފަހަރު ކަމެއް ވެސް ނޭނގެއެވެ. އަސްމަހާނާއި ޒަބާ ވެސް ތިބީ ފެންކަޅިވެފައެވެ. އީވާގެ ގެނެސް ގަޔާ ކައިރިކޮށްލަން ބޭނުންވެފައި ތިބިހެންނެވެ. ރީޝަމްގެ ބޮލުގައި ޒަބާ ފިރުމަމުން ދިޔައިރު އަސްމަހާނުގެ ނަޒަރު އިސްކޮޅުން ދެމިލާފައި ހުރި އީވާއާ ވަކިނުވެއެވެ. އެމީހުންގެ އަތުން ޝަދަފު އެކުއްޖާ ގެންދިޔަ ގޮތް އަސްމަހާނުގެ ހަނދާނަށް އައެވެ.
“މަންމާ، ދެން ނުރޮއެ، އަޅުގަނޑު މިއައީ މަންމަ ދެކިލާކަންނު، މާމައާ ހުރިހާ ކުދިންނާ ބައްދަލުކުރަން އަޅުގަނޑު ބޭނުން” އީވާ، ރީޝަމްގެ ބުރަކަށީގައި ފިރުމަމުން ބުންޏެވެ.
“މަންމަ ދޫކޮށްލާފައި ދެން އީވާ ނުދައްޗޭ، ދަރިފުޅު ހުންނަންވާނީ މަންމައާއެކު، ވަރަށް ދުވަހު ބައްޕަ ގާތު ހުރެވިއްޖެ އެންނު” ރީޝަމް ރޮވިފައި ހުރެ ވާހަކަދެއްކިއެވެ. އެހިނދު ލޯތްބާއިއެކު އޭނާގެ ދެކޯތާފަތް އީވާ ފޮހެލަދެމުން ހިނިތުންވެލިއެވެ.
“ދަރިފުޅު ހުންނާނީ މާމަ އާއި މަންމަ ގާތުގައި، ދެން ނުކެރޭނެ ބައްޕައަށް ދަރިފުޅު ގެންދާކަށް” ޒަބާ ކުރިއަށްޖެހިލާ އީވާގެ މުލަށްދަނޑީގައި ހިފާލި ގޮތުން އޭނާ ކަންބޮޑުވިއެވެ. އެމަންޒަރު ބަލަން ދުރުގައި ހުރި ޢިޒްވާއަށް ޝަދަފުގެ އަތުގައި ހިފާ ބާރުކޮށްލެވުނެވެ. އެއާއެކު ޝަދަފު އެދިމާލަށް ހިނގައިގަތެވެ. އޭރު ތަރަފްއާ ވާހަކަދައްކަން އަށްއަހަރުގެ ޔާވިން ހުއްޓެވެ. އެމީހުންގެ ސަމާލުކަން ވެސް ޝަދަފަށް ހުއްޓުނެވެ.
“ޒަބާ އާންޓީ، އީވާގެ އަތުން ދޫކޮށްލާ، އީވާ އަށް އެނގޭނީ އޭނާ ހުންނާނީ ކާކުގެ ކައިރީކަން، ދަރިންގެ އުފާތަކާއި އެކުދިންގެ ހިތްހަމަޖެހުމަކީ ކޮބައިކަން މިޢާއިލާގެ މެންބަރުންނަށް ނޭނގުނަސް، އަޅުގަނޑަށް އެއީ ކިހާ މުހިންމުކަމެއް އެނގޭ، އެހެންވީމަ މިއަދު އީވާ ބޭނުންނޫން ކަމަކަށް އަޅުގަނޑު މަޖުބޫރެއް ނުކުރާނަން، އަދި މިގޭތެރޭން މީހަކަށް ވެސް އެކުއްޖާގެ މައްޗަށް ނުފޫޒެއް ނުފޯރުވޭނެ” ޝަދަފު ހިތްހަމަނުޖެހިފައި ބުނެލިއެވެ.
“މަންމަ ބޭނުން ދަރިފުޅާ ވާހަކަދައްކަން، ކިހާ ދުވަހެއް ފަހުން ތިޔައީ، އާދެބަލަ މަންމައާއެކު، ދަރިފުޅަށްވީ އެއްޗެއް އޮންނާނެ” ރީޝަމް ދެލޯ ފޮހެލަމުން އީވާގެ އަތުގައި ހިފާލައިގެން އެތެރެއަށް ދިއުމަށް ހިނގައިގަތެވެ. އޭނާ ބޭނުންވީ ޢާއިލާގެ ހަމަނުޖެހުމުގެ ތެރޭ އޭނާގެ ދަރިފުޅު ނުބެހެއްޓުމެވެ.
“ޒަބާ، އަހަރުމެންނަށް ކަންތައްކުރެވުނީ މުޅިން ރަނގަޅަށް ނޫންކަން ޤަބޫލުކުރާކަށް އަދިވެސް ނުވޭތަ، ޝަދަފަކީ ވެސް މަގޭ ދަރިއެއްފަދަ ކުއްޖެއް، އޭނާގެ ރަނގަޅުކަން މިއަދު އީވާ ގޮވައިގެން މިގެއަށް އެއައީ، އީވާގެ އުފާތަކަށް އޭނާ އިސްކަންދޭވަރު އަދިވެސް ޒަބާއަށް ނުވިސްނެނީތަ، އެހެންމީހަކު ނަމަ އީވާއާ އަހަރުމެންނާ ބައްދަލުވާނީ ކޯޓުން، އަހަރެން ދެރަވޭ ކަންތައްވީގޮތުން، އެކަމަކު ޝަދަފަކީ ގޯސް ބަފައެއްކަމުގައި އަހަރެން ޤަބޫލެއްނުކުރާނަން، ހަމަގައިމުވެސް އީވާ އެކުއްޖާގެ މަންމައަށް އެހާ ލޯބިން ބަލާލާނީ ބަޔަކު އެކުއްޖާއަށް ހަޤީޤަތް ކިޔައިދީފައި އޮތީމަ، ޝަދަފެއް ނޫންކަންނޭނގެ ހަތަރުދަމު ގޭގައި އިނދެގެން ކުދިން ބަލާނީ، އޭނާގެ އަނބިމީހާއަކީ މަކަރުވެރި އަންހެނެއްނަމަ ޝަދަފަށް ވެސް އެކުއްޖާއަށް ރަނގަޅު ތަރުބިއްޔަތެއް ނުދެވުނީސް” ހުރިހާ ކަމަކަށް ނަޒަރު ހިންގަމުންއައި ރަސަލް، ޒަބާއަށް ބުންޏެވެ.
“ކިހިނެއް އެނގެނީ އެކުއްޖާ ހަލާކުކޮށްލާފައި ބަލަން ބުރަވެގެން ނޫންކަމެއް މިގެއަށް އެނގެނައީ” ޒަބާ މިހެން ބުނުމާއެކު ޢިޒްވާގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އެމީހުންނަށް ނޭނގުނެއްކަމަކު އޭނާ ދުވަހަކު ވެސް އީވާ ދޫކޮށްލާކަށް ބޭނުމެއްނުވެއެވެ. އެކުއްޖާއެކޭ ޔާވިންއެކޭ މިއަދު އޭނާއަށް އެއްވެސް ތަފާތެއްނެތެވެ.
“އީޝާ، ދުންޏާގެ ގާތަށް ޔާވިން އިހަށް ގެންދޭ” ތަރަފް މިހެން ބުނީ އެތަނުގައި ކުރެވޭ ޒުވާބުގެ އަޑު އެކުއްޖާގެ ކަންފަތަށް އިވުނަ ނުދިނުމަށެވެ.
“ކޮންމެ އެއްޗެކޭ ކިޔަސް އަޅުގަނޑު މިގެއިން ނުކުމެގެން ދާނީ އީވާ ބޭނުންވާގޮތެއް އެނގުނީމަ، އެހެންނޫނީ އެކުއްޖާ ބަހައްޓާފައި އެއްވެސް ފަރާތަކަށް އެނބުރިވެސް ނުލާނަން” ޝަދަފު ގަދަބަސް ބުނެލިއެވެ.
ކޮޓަރިއަށް ވަދެވުމާއެކު ރީޝަމް ހިނިތުންވެލަމުން ދަރިފުޅު ގެނެސް ގަޔާ ކައިރިކޮށްލިއެވެ. އަދި އީވާގެ ނިތްކުރީގައި ބޮސްދީފައި އެމޫނަށް ވަރަށް ރަނގަޅަށް ބަލާލިއެވެ. ފެންނަފެނުމަށް އީވާ ހުރީ އުފަލުންނެވެ. އެހެންނަމަވެސް އެވަރުން ރީޝަމްގެ ހިތެއް ނުފުރުނެވެ. އޭނާ ރީތިވާ މޭޒުމަތީ އޮތް ކުޑަފޮށްޓެއް ގެނެސް އީވާގެ އަތަށް ދިނެވެ. އަދި އެތަނުގައި ހުރި ސޯފާގައި އިށީނެވެ.
“މީ މަންމަގެ ފަރާތުން ދޭ ހަދިޔާއެއް، ދަރިފުޅުގެ އުފަންދުވަހު ކިހިނެއް ހަދިޔާ ދޭނީ، ތިހުރީ ގޮސް މާދުރުގަވިއްޔާ” ރީޝަމް ކުލުނުން ފުރިގެންވި ފަދަ ގޮތަކަށް ވާހަކަދައްކަން ފެށިއެވެ.
“ވާއު! މީ ހާދަ ރީތި ރިންގެކޭ، ތެންކިޔު މަންމާ، ވަރަށް ހެޕީވެއްޖެ މަންމައާ މީޓުވީމަ، ޑެޑީ ބުނި މީ ޑެޑީގެ ހައުސްއޭ، އެހެންވީމަ އެހެންދުވަހަކުން މަންމަގެ ހައުސްއަށް ވެސް އަޅުގަނޑު ދާނަން، ޔާވްކޮއްކޮ ގޮވައިގެން ދާނީ، އޯކޭތަ މަންމާ” އީވާގެ ހިނިތުންވުމާ އެއަޑުގައި ހުރި މައުސޫމުކަމުން ރީޝަމްގެ ހިތަށް ފިނިކަން ލިބުނެވެ.
“ދަރިފުޅަށް ޑެޑީގެ ވައިފް ރަނގަޅުތަ؟ ދަރިފުޅު ދެރަވާފަދަ ކަމެއް ނުކުރޭތަ” ރީޝަމް ވަރަށް ޖެހިލުންވެފައި އިނދެ ޢިޒްވާގެ ވާހަކަ އީވާގެ ގާތުން އޮޅުން ފިލުވަން ބޭނުންވިއެވެ.
“އިޒޫ މަންމައަކީ ހަމަ ބެސްޓު، އަޅުގަނޑުގެ ބެސްޓު ފްރެންޑް އެއީ، މަންމާ، އިޒޫ މަންމަ އަޅުގަނޑުދެކެ ވަރަށް ލޯބިވޭ، ޑެޑީއަށްވުރެ ވެސް ބޮޑަށް އިޒޫ މަންމަ އަޅުގަނޑުދެކެ ލޯބިވާކަން އެނގޭ، މަންމަގެ ވާހަކަ ކިޔައިދިނީ ވެސް އިޒޫ މަންމަ، އަޅުގަނޑު މަންމައާ ބައްދަލުކުރަން ބޭނުންވުމުން، ޑެޑީ ގާތު އިޒޫ މަންމަ ވަރަށް އާދޭސްކުރި، އެހެންވެ މިގެއަށް އާދެވުނީ، އެކަމް އަޅުގަނޑުމެންގެ ގެ މިހާ ބޮޑެއް ނުވާނެ، ޔާވް ކޮއްކޮއާ އަޅުގަނޑުގެ ކޮޓަރީގެ އިތުރުން ދެން ހުންނާނީ ޑެޑީ އާއި އިޒޫމަންމަގެ ކޮޓަރި” މިހެންބުނެ އީވާ ކުޑަކޮށް ހީނލިއެވެ.
ރީޝަމް އެއްޗެއް ނުބުނެ އިރުކޮޅަކު އިންއިރު އޭނާއަށް އެއްކަމެއް ޔަޤީންވިއެވެ. އީވާގެ ހިތުގައި ޢިޒްވާއަށް ދެވިފައިވާ މަޤާމެވެ. ލޯތްބެވެ. އެދެމެދުގެ ގާތްކަމެވެ. ހިތުގައި އެކަމާ ހަސަދަ އުފެދުނެއްކަމަކު ޢިޒްވާއަކީ ކޮންކަހަލަ މީހެއްކަން އީވާގެ ވާހަކަތަކުން ރީޝަމްއަށް މިއަދު އެނގިއްޖެއެވެ. އޭނާގެ ދަރިފުޅު، އޭނާއާ ހަމައަށް ގެނެސް އެދިނީ ޢިޒްވާއެވެ. އެކަމަކު އޭނާ ޢިޒްވާއާމެދު ކަންތައްކުރީ ކިހިނެއްކަން ހިތަށް އެރުމުން ލޮލުން ކަރުނަ އައެވެ. ޢިޒްވާގެ ދަރިފުޅާ ޝަދަފު ދުރުކުރުވިއިރު ރީޝަމްގެ ހިތަށް އެކައްޗެއް ނާރައެވެ. ބޭނުންވީ ކޮންމެ ގޮތަކުން ވިޔަސް ޝަދަފު ހާސިލުކުރާށެވެ. މިއަދު ޝަދަފުގެ ލޯބި އޭނާއަށް ނުލިބުނީ ކީއްވެކަން ރީޝަމްއަށް އެނގޭ ކަހަލައެވެ. ޢިޒްވާއާ އޭނާއާ އެއްވަރެއް ނުވެވޭނެއެވެ. މިއަދު ޝަދަފުގެ ލޯބި ނުލިބުނެއްކަމަކު އެލޯބީގައި އެޅި މޭވާގެ ފޮނިކަން އިޙްސާސް ކުރެވިއްޖެއެވެ. ދެލޯ ފޮހެމުން ރީޝަމް، އީވާއަށް ބަލާލިއެވެ. އަދި އެއަތުގައި ހިފާލުމާއެކު ވާހަކަދައްކަން ފެށިއެވެ.
“ދަރިފުޅު މަންމަގެ ގާތަށް އަންނަންވީނު، އެއްކޮށް މަންމަގެ ގޭގައި ހުންނަގޮތަށް” ރީޝަމްގެ އެދޭގޮތް ހާމަކުރިއެވެ.
“އޭރުން ޑެޑީ އާއި އިޒޫމަންމައަށް ވާނީ ކިހިނެއް، ޔާވްކޮއްކޮ ވެސް ހުންނާނެ އެންނު، އަޅުގަނޑު ވަރަށް ފޫހިވާނެ އެންނު އެމީހުންނާ ނުލާ” އީވާ ތުންފަތަށް ގޮތެއް ހަދާލަމުން ބުނެލިއެވެ.
“މަންމަ އަބަދުވެސް ހުންނާނަން ދަރިފުޅާއެކު، އެހެންވީމަ ފޫއްސެއްނުވާނެ އެންނު، އަނެއްކާ މާމަ އާއި ކާފަ ވެސް ތިބޭނެ، އެހެންނޫނަސް މަންމަ ވަރަށް މިސްވޭ ދަރިފުޅު ނެތީމަ” ރީޝަމް އަވަސް އަވަހަށް ބުނެލިއެވެ.
“އަޅުގަނޑު މަންމަ ގާތަށް އަންނާނަން، އިޒޫ މަންމަ ބުންޏޭ، އަޅުގަނޑު ބޭނުންވީމަ މަންމަ ގާތަށް ގެނެސްދޭނަމޭ، އެހެންވީމަ ދެން މިސްއެއްނުވާނެއެންނު” އީވާގެ ވާހަކަތަކުން އޭނާ ޝަދަފާއި ޢިޒްވާ ދޫކޮށްލާފައި ރީޝަމްގެ ގާތަށް ނާންނާނެކަން އޭނާއަށް އެނގުނެވެ. އެހެންނަމަވެސް މިފަހަރު އޭނާ ބޭނުންވީ ދަރިފުޅުގެ އުފަލެވެ. އެކުއްޖާގެ އުފާތަކަށް ހުރަސްއަޅަން މަސައްކަތް ނުކުރީ އެހިތުގައި ރީޝަމްއަށް ނަފުރަތު އުފެދުނަ ނުދިނުމަށެވެ. މަޖުބޫރުކޮށްގެން ލޯތްބެއް ނުހޯދޭނެއެވެ. ދަރިފުޅާއި އޭނާއާ ދެމެދު އޮތް ގާތްކަމަކީ ވަގުތީ ގާތްކަމަކަށް ވެގެންދާކަށް އޭނާ ބޭނުމެއްނޫނެވެ.
“މަންމަ ގާތަށް ގިނަގިނައިން އަންނައްޗޭ، މަންމަގެ ހުރިހާ ވެސް އުފަލަކީ ތީ، އީވާ އުފަލުގައި ހުރުން މަންމަ ބޭނުންވަނީ” ހިތުގައި އަތްއަޅާލަމުން ހިތްވަރުކޮށްފައި ރީޝަމް ބުނެލިއެވެ. އެއާއެކު އީވާ އޭނާގެ ގައިގާ ބައްދާލިއެވެ.
އަސްމަހާނު އެއްޗެއް ބުނަން ބޭނުންވި ނަމަވެސް ޝަދަފު ހިތްހަމަނުޖެހިފައި ހުރިވަރުން އޭނާއަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. ނަމަވެސް ޢިޒްވާއަށް އޭނާ ވަރަށް ރަނގަޅަށް ބަލާލިއެވެ. އެމޫނުމަތިން އަދިވެސް ފެންނަނީ ހާސްކަމާއި ކަންބޮޑުވުމެވެ. ޝަދަފުގެ އަތުގައި ހިފާލައިގެން ހުރިގޮތުން ވެސް އޭނާ އެތަނުގައި ތިބި މީހުންނާ ކުރިމަތިލާން ބޭނުންނުވާކަން ހާމަވެއެވެ. އެވަގުތު އެތަނަށް ރީޝަމް އައެވެ. އީވާ އޭނާ ގަޔާ ކައިރިކޮށްލައިގެން ހުރެއެވެ. ޢިޒްވާއަށް ބަލާލެވުނީ އީވާއަށެވެ. ލޯބިން ގެންގުޅުނު ދަރިފުޅުގެ މައްޗަށް އެތަނުގައި ތިބި މީހުންގެ ނުފޫޒު ގަދަވާނޭކަން އެނގޭތީއެވެ. އެކުއްޖާގެ ވިސްނުމާ އެމީހުން ކުޅެފާނެތީއެވެ. އެހެންނަމަވެސް އޭނާ، އީވާގެ ކޮންމެ ނިންމުމަކާ ރުހި ޤަބޫލުވާނެއެވެ. އޭނާ ބޭނުންވަނީ އީވާއަކީ ޝަދަފު ގެނެސް ކޮށްޓަކަށްލައިގެން ގެންގުޅޭ ދޫންޏެއްހެން އެކުއްޖާ ބޮޑުކުރާކަށް ނޫނެވެ. އެއަށްވުރެ މިނިވަން މާހައުލެއްގައި ހަޤީޤަތް އެނގި ހުރ ބޮޑުވާ ކުއްޖަކަށް އީވާ ވުން މާހިންމެވެ.
“އީވާ، ދަރިފުޅު ދެން ހުންނާނީ މިގޭގައި، ދަރިފުޅުގެ ބައްޕަ އެއުޅެނީ ދަރިފުޅު ގަދަކަމުން ގެންގޮސްގެން” ބޮޑުކޮޓަރިތެރެއަށް ރީޝަމްއާއެކު އީވާ އައިސް ހުއްޓުމުން، ޒަބާ އެކުއްޖާގެ އަތަށް ދަމާލަމުން އެއްފަރާތްކޮށްލިއެވެ. ރީޝަމް ދެލޯ ބޮޑުކޮށްލަމުން އޭނާގެ މަންމައަށް ބަލާލިއެވެ. އެހިނދު ޢިޒްވާގެ ނޭވާ ވެސް ހުއްޓުމަކަށް އައި ކަހަލައެވެ.
“ނޫން މާމާ، ޑެޑީ އަޅުގަނޑުދެކެ ވަރަށް ލޯބިވޭ، މިގެއަށް މިއައީ ވެސް ޑެޑީ ހުއްދަދެއްވީމައެންނު، އެކަމަކު އަޅުގަނޑު ހުންނަ ހިތްވަނީ އިޒޫ މަންމަ އާއި ޔާވްކޮއްކޮއާއެކު” ކަންބޮޑުވެފައި އީވާ ބުނެލިއެވެ.
“އެހެންވިޔަސް ނުދެވޭނެ، ދަރިފުޅުގެ ތި އިޒޫ މަންމައަކީ އެހާ ރަނގަޅު މީހެއްނަމަ ދަރިފުޅުގެ މަންމައަށް ދޭކަށް ނޫޅުނީސް، މިހާރު އޭނާއަށް ދަރިފުޅު ބަލަން ބުރަވީ، އެހެންވެ އެއައީ ދަރިފުޅުގެ މަންމައާ ހަވާލުކުރަން، އީވާއަށް ނޭނގެނީއަދި، ދަރިފުޅުގެ ބައްޕަ، ދަރިފުޅުގެ މަންމަ ދޫކޮށްލީ އެއަންހެން މީހާއާ އިންނަން ވެގެން، ޢާއިލާގެ ނުގަބޫލުގައި، އޭނާ ބުނެގެން ދަރިފުޅުގެ މަންމައަތުން ދަރިފުޅު އަތުލީ ވެސް، ދަރިފުޅުގެ ބައްޕަ، ދަރިފުޅަށްވުރެ މާލޯބިވޭ އެއަންހެން މީހާދެކެ، އެމީހުން ލޯބިވަނީ އެމީހުންގެ ދަރިދެކެ، އީވާދެކެއެއްނޫން، އެހެންވެ މިގެއަށް އައީވެސް، އީވާގެ މަންމައާ އީވާ ހަވާލުކުރަންވެގެން” ޒަބާ ދައްކަމުންދިޔަ ވާހަކަތަކުން އީވާ ފެންކަޅިވަމުންދިޔައެވެ. ޢިޒްވާއޭ ކިޔައިގެން މީހަކު ނުރުހިފައި އެއްޗެއް ކިޔާއަޑު އެހުމަކީ އުމުރުން ކިތަންމެ ޅަނަމަވެސް އީވާއަށް ކެތްވާނޭ ކަމެއްނޫނެވެ. އޭނާ ޒަބާގެ އަތްފޮޅުވާލާފައި އަވަހަށް ޢިޒްވާގެ ގާތަށް ދާން އުޅުނެވެ. ނަމަވެސް ޒަބާ އެކުއްޖާ ހިފެހެއްޓިއެވެ.
“މަންމާ….” އީވާ ގޮވާލިއެވެ. އެވަގުތު ދުރުގައި ހުރި ޢިޒްވާއަށް ދުވެފައި އާދެވުނެވެ. ހަމައެވަގުތު ރީޝަމް ވެސް އައިސް އީވާގެ ގާތުގައި ހުއްޓިއްޖެއެވެ. ކުރިމަތީ ހުރި ރީޝަމްފެނުމާއެކު ޢިޒްވާ ފަސްޖެހުނެވެ. ކުއްލިއަކަށް އީވާގެ މައްޗަށް އެންމެ ހައްޤުކަން ބޮޑީ ރީޝަމްކަމުގައި އިޙުސާސް ވެގެންދިއުމާއެކު ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ޢިޒްވާގެ އެހަރަކާތް ރީޝަމްއަށް ފާހަގަކުރެވުނެވެ. އޭނާ އަވަސް އަވަހަށް ޒަބާގެ އަތް އީވާގެ އަތުން ނައްޓުވާލިއެވެ. އަދި ދަރިފުޅު ގެނެސް އެއަތުގެ ހިމާޔަތުގެ ތެރެއަށް ލުމުގެ ކުރިން އީވާ، ޢިޒްވާގެ ގައިގާ އޮޅުލައިގަނެއްޖެއެވެ.
“މަންމާ، އަޅުގަނޑަށް އެނގޭ އެއީ ހުސްދޮގުކަން، މަންމައަކީ އެހާ ގޯސްމީހެއްނޫންކަން އެނގޭ، އަޅުގަނޑު ބަހައްޓާފައި ނުދައްޗޭ، ކޮބާ ޔާވްކޮއްކޮ، އަޅުގަނޑު ނުލާ ދާންތަ ތިއުޅެނީ” ކުއްލިއަކަށް އީވާ ވަރަށް ހާސްވެއްޖެކަން ޢިޒްވާއަށް އެނގުނެވެ. އެކުއްޖާއަށް ޝަދަފާއި ޢިޒްވާ ބާރަށް އެއްޗެއް ބުނާއަޑުވެސް ނީވޭނެއެވެ. އެއްވެސް ކަމަކަށް މަޖުބޫރުކުރެއްނެތް މާހައުލެއްގައި ބޮޑުވަމުން އައީ މިނިވަންކަމާއެކުއެވެ. ޢިޒްވާ، އީވާގެ ބޮލުގައި ފިރުމަމުން ވާހަކަދެއްކިއެވެ.
“މަންމާ، އީވާ ބޭނުން މީހެއް ގާތު އޭނާ ހުންނާނީ، ޢިޒްވާ އާއި ޝަދަފުގެ ގާތުގައި އެކުއްޖާ ހުންނަން ބޭނުންވާނަމަ އެކަންވާނީ އެހެން، އެކަކަށްވެސް އީވާއެއް ނުހުއްޓުވޭނެ، ދަރިފުޅާ…” ރީޝަމް ހަރުއަޑުން ޒަބާއަށް ބުނެލިއެވެ. އަދި އީވާގެ ގާތަށް އައިސް އެކުއްޖާގެ ބޮލުގައި ފިރުމާލަމުން ގޮވާލިއެވެ. ޢިޒްވާ ހުރީ ރީޝަމް ކަންތައްކުރާނެގޮތް ނޭނގި ހާސްވެފައެވެ.
“ދަރިފުޅާ، އީވާ، ދަރިފުޅުގެ އިޒޫމަންމައަކީ ވަރަށް ރަނގަޅުއަންހެނެއް، ދަރިފުޅުގެ ޑެޑީގެ ލައިފަށް މަންމައައީ މާފަހުން، އަބަދުވެސް ޑެޑީ ލޯބިވަނީ އިޒޫމަންމަ ދެކެ، ގޯސްކޮށް ކަންކަންކުރެވުނީ މަންމައަށް، އިޒޫމަންމަ ދަރިފުޅު ދޫކޮށްނުލާނެކަން މަންމައަށް އެނގޭ، ދަރިފުޅު ދެރަވެ އެކަނިވިޔަކަ ނުދޭނެ، އެކަމަކު މިމަންމަގެ ހާލު ބަލަން އަބަދުވެސް ދަރިފުޅު އަންނަންވާނެ” ރީޝަމްގެ ފެންކަޅިވެފައިވާ ދެލޮލަށް ޢިޒްވާ ބަލާލިއެވެ.
“އަހަންނަށް މާފުކުރޭ…” ވައިއަޑުން ރީޝަމް ބުނެލިއެވެ. އެއާއެކު ޢިޒްވާ ބޯޖަހާލަމުން ރީޝަމްގެ އަތުގައި ހިފާލިއެވެ. އީވާ އެނބުރި ރީޝަމްއަށް ބަލާލިއެވެ. އަދި ލޯތްބާއެކު ރީޝަމްގެ ކޯތާފަތުގައި ބޮސްދިނެވެ.
“ޕްރޮމިސް މަންމާ، އަޅުގަނޑު މަންމަގެ ގާތަށް އަންނާނަން، ހުރިހާ ބާތްޑޭއެއްގަ ވެސް އަންނާނަން” އީވާ ބުނެލިއެވެ. އެމަންޒަރު ފެނި ދުރުގައި ހުރި ޝަދަފުގެ ހިތްވެސް ރީޝަމްގެ މައްޗަށް ސާފުވެގެންދިޔައެވެ.
“އަހަރެންގެ ގާތުގައި ހުއްޓެއްކަމަކު، އީވާއަކީ ރީޝަމްގެ ދަރިއެއް، އެކުއްޖާ ދުވަހަކުވެސް ރީޝަމް ދޫކޮށެއްނުލާނެ، އަހަރެން އެކަމަށް ވަޢުދުވަން” ރީޝަމްގެ އަތްތިލައަށް ބާރުކޮށްލަމުން ޢިޒްވާ ބުންޏެވެ.
“ނޫން ޢިޒްވާ، އީވާއަކީ އަހަރުމެން ދެމީހުންގެ ދަރިއެއް” ރީޝަމް، ޢިޒްވާގެ ގައިގާ ބައްދަލާމުން މަޑުމަޑުން ބުނެލިއެވެ. އެކަމުން ޢިޒްވާއަށް ދުވަހަކުވެސް ނުލިބޭހާ ހަމަޖެހުން ހިތަށް ލިބިގެންދިޔައެވެ.
“އަހަންނަށް މާފެއްނުކުރާނަންތަ” ރީޝަމް އައިސް ޝަދަފުގެ ކުރިމަތީ ހުއްޓިލަމުން އަހާލިއެވެ.
“މާފުކުރެވޭނީ މާފަށް އެދުނީމައެންނު” ޝަދަފު ރުންކުރުގޮތަކަށް ބުނެލިއެވެ. މާޔޫސްވެފައި ހުރި ރީޝަމް އިސްޖަހާލަމުން އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް އޭނާގެ ދޫހިމޭން ކުރުވީ ކޯތާފަތުގައި ބީހިލި އަތްތިލައިގެ ސަބަބުންނެވެ. ޝަދަފާ ހަތަރުކަޅި ބައްދަލުވިއިރު އޭނާގެ ތުންފަތަށްވަނީ ލުއި ހިނިތުންވުމެއް ވެރިވެފައެވެ. މަޑުމަޑުން ރީޝަމްގެ ކޯތާފަތުގައި ދެފަރާތުން ހިފަހައްޓާލައިގެން ހުރެ ވާހަކަދެއްކިއެވެ.
“ރީޝް، އިޒޫބުނިގެން، އީވާގެ މަންމައަކީ ރީޝް، އެކަން އަހަރެން ހަނދާންނައްތާލާނީ ކިހިނެއް، އެކަމަކު އަހަންނަށް މާފުކުރޭ، އަހަރެން އަބަދުވެސް ލޯބިވަނީ އިޒޭދެކެ، އޭނާއާ ދުރުގައި އަހަރެން އުޅެންވެއްޖެނަމަ މަރުވެދާނެ، އެހާވެސް އަހަރެން އިޒޫދެކެ ލޯބިވޭ” ޝަދަފުގެ ދެއަތުގައި ރީޝަމް ހިފާލިއެވެ.
“އެކަން އަހަންނަށް އެނގޭ، ތީ ދުވަހަކުވެސް ދުރުވާނޭ ދެމީހުންނެއްނޫން، ހިތަށްތަދުވޭ، އެކަމަކު މިއަދު ޝަކުވާއެއްނެތް، އަހަރެންގެ ގާތުގައި ހުރެ އީވާ ބޮޑުވިނަމަ އެކުއްޖާގެ ހިތް ޝަދަފުގެ މައްޗަށް ހެވެއްނުވީސްކަންނޭނގެ، އިޒޫ ދިންފަދަ ތަރުބިއްޔަތެއް އަހަންނަށް އީވާއަށް ދެވިދާނެހެން ހިޔެއްނުވޭ” ރީޝަމް ހިނިތުންވެލިއެވެ.
“މިއަދު އަހަރެންގެ ދަރިފުޅާ މެދު ވަރަށް ފަހުރުވެރިވޭ، ހެވާ ނުބައި ވަކިކުރަން އެދަރިފުޅަށް އެނގުނީތީ” ރަސަލް ހިނިއައިސްފައި ހުރެ ބުންޏެވެ.
“ރަސަލް، މީ އިރާދައިގައި މިކަންވާންއޮތްގޮތް، އަހަރުމެން ބޭނުންވިޔަސް ވާންނެތްކަމެއް ނުވާނެ” ތަރަފް އޭނާގެ ޒަމާންވީ ރަޙުމަތްތެރިޔާއަށް ބަލާލަމުންބުނެލިއެވެ.
“ދަރިފުޅާ، ބައްޕަ ބޭނުންވަނީ ތިކުދިން މިގެއަށް ބަދަލުވާން، ޢާއިލާއާއެކު ގުޅިގެން އުޅެން” ތަރަފް، ޝަދަފަށާއި ޢިޒްވާއަށް ބަލާލަމުން ބުންޏެވެ.
“ބައްޕާ، އަޅުގަނޑުމެން މިއުޅޭގޮތަށް އުޅުނަދީ، މިހާރު މިހެން އުޅެން އާދަވެއްޖެ، އަޅުގަނޑު އައިކަންތައްވެއްޖެ، އެނބުރިމިދަނީ ހިތްހަމަޖެހިގެން” ޝަދަފް މިހެންބުނެ އެއްފަރާތުގައި ހުރި އީޝާއަށް ބަލާލިއެވެ. އޭނާ އަމޯރާއަށް އިޝާރާތްކޮށްލުމާއެކު ދުންޏާއާއި ޔާވިން ގޮވައިގެން އައެވެ.
“ސޮރީ، އީޝްދޮންއަށް ކުއްޖެއްލިބުނީމަ ވެސް ގޮވާލަން ނާދެވުނީތީ” ޝަދަފު އައިސް ޔާވިންގެ އަތުގައި ހިފާލަމުން އީޝާގެ ގާތަށް އައި ދުންޏާގެ ކޮލުގައި ކޮށްޓާލިއެވެ.
“ޑިފީ ކީއްވެތަ ތިދަނީ، ޕްލީޒް، މަޑުކުރޭ” އީޝާ އާދޭހުގެ ރާގެއްގައި ބުނެލިއެވެ. ބަދަލުގައި ޝަދަފު ހިނިތުންވެލީއެވެ.
“މަންމައާ އަނގައިންވެސް ބުނެނުލާ ދަނީތަ، އެހާވެސް ދުރުވީތަ” ރޮވިފައި ހުރި އަޑަކުން އަސްމަހާނު ބުންޏެވެ. އެއާއެކު ޝަދަފު ބަލާލީ އެކަމަށް އޭނާ ބޭނުންވެފައި ހުރި ފަދަ ގޮތަކަށެވެ. އަސްމަހާނު މަޑުމަޑުން އައިސް ޝަދަފުގެ ދެއަތުގައި ހިފިއެވެ.
“މަންމައަށް ކަންތައްކުރެވުނީ ރަނގަޅަކަށްނޫން، އެނބުރި އާދޭ، މަންމަ މިހިރީ ޢިޒްވާ ބަލައިގަންނަން ތައްޔާރަށް، މިއަދު ހަޤީޤީ ނިކަމެއްޗަކީ މަންމަ، ދަރިފުޅުދެކެ އެހެންކުދިންނަށްވުރެ ބޮޑަށް މަންމަ ލޯބިވޭ، އެހެންވެ ދަރިފުޅުގެ ދިރިއުޅުން ހުރިހާ ގޮތަކުން ވެސް އެންމެ ފުރިހަމަ ކުރަން ބޭނުންވީ” އަސްމަހާނު، ޝަދަފުގެ ގައިގާ ފިރުމަ ފިރުމާފައި ވާހަކަދެއްކިއެވެ. އޭނާ ހުރިހާ ކުދިންނަށްވުރެ ބޮޑަށް ޝަދަފުދެކެ ލޯބިވާކަން، ޚުދު ޝަދަށް ވެސް އެނގެއެވެ. އެހެންކުދިންނަށް ނުކުރާ ޚަރަދު އޭނާއަށް ކުރަނީ ވެސް އެހެންވެއެވެ. އޭނާގެ ހުރިހާކަމެއް އެންމެ ފުރިހަމައަށް ހުރޭތީ އަބަދުވެސް އަސްމަހާނު ބަލާކަން ޝަދަފަށް އެނގެއެވެ.
“މަންމާ، އަޅުގަނޑު ވަކިން އުޅުނަސް، މިޢާއިލާގެ މެންބަރަކަށް ނޫނީ ނުވާނެ، މަންމަގެ ދަރިއަކަށް ނޫނީ ނުވާނެ، މަންމަ ކަމެއް ބޭނުންވެއްޖެނަމަ އަޅުގަނޑު އެންމެ ގާތުގައި ހުންނާނަން، މިގޭގައި ދިރިއުޅެން ނައުމަކީ ދުރުކޮށްލުމެއް ނޫނޭ، މިގެއަށް ނުވަދެއް ދެން ނުހުންނާނަން” ޝަދަފު މިހެން ބުނުމުން މިފަހަރު އަސްމަހާނު ދެކޮޅެއް ނުހެދިއެވެ. ދަރިފުޅު ބޭނުންވިގޮތް އޭނާ ޤަބޫލުކުރީއެވެ. ނަމަވެސް އެގެއަށް އަންނަންވާނެ ކަމުގައި އަސްމަހާނު އެދުނެވެ.
އީވާ ނުކުމެގެން ދިޔައީ ޝަދަފާއި ޢިޒްވާއާ އެކުއެވެ. އޭނާގެ ނިންމުމަކީ އެއީއެވެ. ޢިޒްވާގެ ދިރިއުޅުން ފުރިހަމަވެއްޖެއެވެ. ޝަދަފާއިއެކު އުފާވެރި ކުޑަކުޑަ ޢާއިލާއެއް އޭނާއަށް ލިބިއްޖެއެވެ. ހުރިހާކަމަކަށްވުރެ ބޮޑަށް އޭނާ ހިތްހަމަޖެހުނީ އީވާގެ ހިތުގައި އޭނާގެ މައްޗަށް އޮތް ލޯބި އެނގުމުންނެވެ. އަނެއްކޮޅުން ޢިޒްވާއަކީ ދެގޮތެއްނުވާނޭ ބައިވެރިއެއްކަން ޝަދަފަށް އެނގެއެވެ. އޭނާ އަބަދުވެސް ޢިޒްވާދެކެ ލޯބިވާނެއެވެ. ބަދަލުވުމެއްނެތި އަބަދުވެސް ހުންނާނީ ޢިޒްވާއާ އެކުގައެވެ. އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެކަން ޔަޤީނެވެ. މިއަދު ޝަދަފާއި ޢިޒްވާގެ ދިރުޅުމަށް ވެސް އެވަނީ އަޑިގަނޑަކަށް ފަހު އުސްގަނޑެއް އައިސްފައެވެ. ދެމެދުގައި އޮތް އިތުބާރާއި ލޯބި އިތުރުވެއްޖެއެވެ.
~ ނިމުނީ ~