ABADHU THIYA LOABI KALAA VAANAN HEY [02]

“ޔެސް…” މިފަހަރު ކާމިޔާބު ލިބުނީތީ ވަގުތުން ޝަދަފަށް ބުނެލެވުނެވެ. އެކަމަކު ހަލުވިކަމާއިއެކު އައިސް ކޮޓަރިއަށް ވަދެ ބެލްކަންޏަށް ނުކުމެން ހުރި ދޮރުލެއްޕީ ފޮށިގަނޑު ޖެހިގެން ހުރި ބެލްކަންޏަށް ވެއްޓުނު ވަގުތު ބާރުއަޑެއް ކިއުމުންނެވެ.

“ތޭންކް ގޯޑް” އިރުކޮޅަކު ދަމާފައިހުރި ފަރުދާތަކުގެ ދޭތެރެއިން ސިއްރުން ބަލަން ހުރެފައި މީހެއްގެ ހިލަމެއްނުވުމުން ޝަދަފު ބުނެލިއެވެ.

* * * *

ހުކުރު ދުވަހުގެ އިރު ފެނުންތޮޅިލިއިރު ޢިޒްވާގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނުވެއެވެ. ފަތިސްނަމާދަށް ހޭލީއްސުރެން އޭނާ އުޅެމުންދިޔައީ އޭނާގެ މަސައްކަތުގައެވެ. އޮފީހަށް ދާންނުޖެހުނަސް ގޭތެރޭގެ ހުރިހާކަމެއް އޭނާއަށް ކުރަންޖެހޭނެއެވެ. އިރުއަރައިގެން އައިވަގުތު ބެލްކަނީގައި ފަރްޝާ އިންދާ މާގަސްތަކަށް ފެންދޭންވެގެން ފެންދޭއެތިގަނޑަށް ފެންއަޅައިގެން ޢިޒްވާ ބެލްކަންޏަށް ނުކުތެވެ. އޭރު އާދައިގެ މަތިން ފަރްޝާ އެނދުމަތީ އެއްފައިދަމާލައިގެން ތަސްބީހަ ހިފައިގެން އޭނާ ކިޔަވާ އެއްޗެހި ކިޔަވަން އިނެވެ. ބެލްކަނި ހުޅުވާލި ޢިޒްވާގެ ލޮލުގައި ފުރަތަމަ ވެސް އަޅައިގަތީ ބެލްކަނީގައި މަޑުފިޔާތޮށިކުލައިގެ ރިބަނުން އައްސާފައި އޮތް ފޮއްޓެވެ. ފެންދޭއެތިގަނޑު އެއްފަރާތުގައި ބަހައްޓާލުމާއިއެކު ޢިޒްވާ އެފޮށިނަގާ ބަލާލުމުން އެއީ ފޯނެއްކަން އެނގުނެވެ. އޭގެކުރިން ރިބަންފަށުގެ ދަށުގައި ހަރުކޮށްފައިވާ ކުލަ ނޯޓު ކަރުދާސްކޮޅު ކިޔާލުމަށް ރިބަންފަށް މޮހާލިއެވެ.

“އައި ޑިޑިންޓް މީން ޓު… އައެމް ވެރީ ސޮރީ، ހޯޕް ދިސް ހެލްޕްސް ޔޫ، އައި ނޯ އިޓްވޯސް މައިފޯލްޓު ދެޓް ޔޯ ފޯން ގޮޓް ޑެޑް، ޕްލީޒް އެކްސެޕްޓް ދިސް، ސޮރީ އަގައިން…. ޑިފީ…” ޢިޒްވާ ކަރުދާސްކޮޅު ކިޔާލުމާއިއެކު އޭގައި ކުރަހާފައި އޮތް ދެރަވެފައިވާ މޫނަށް ބަލާލިއެވެ. އަދި ވަށައިގެން ހޯދާލިއެވެ.

“މަންމާ، ރޭގައި މިބެލްކަންޏަށް މީހަކު ވަދެފައި މިހިރީ، އެނގޭތަ ކާކުކަން” ޢިޒްވާ ހާސްވެފައި ހުރި ފަދަ ގޮތަކަށް ހަލުވިކަމާއިއެކު ކޮޓަރިތެރެއަށް ވަންނަމުން ފަރްޝާއަށް ބުނެލިއެވެ. ކިޔަވަން އިން ފަރްޝާ އަނގައިން ބުނުމުގެ ބަދަލުގައި ލޮލުން އިޝާރާތްކޮށްލީ ކާކުހޭ އަހާލާ ފަދަ ގޮތަކަށެވެ. އެހިނދު ޢިޒްވާ އޭނާގެ އަތުގައި އޮތް ރިބަންފަށާއި ފޯނު ފޮށިގަނޑު ދައްކާލިއެވެ.

“ތީކާކުގެ އެއްޗެއް” ފަރްޝާ ވަގުތުން އަހާލިއެވެ.

“އަހަރެންގެ ފޯނު ހަލާކުވީ އޮފީސް ޖަލްސާއަށް ދިޔަރޭ މިގޯޅިއަށް ވަދެގެން އައި މީހަކު ޖެހިގަތީމައޭ މަންމަ ގާތު ބުނީމެންނު، އެމީހާ ފޮނުވާފަ އޮތް އެއްޗެއް، އެކަމަކު އޭނާއަށް އަހަރެން އުޅެނީ މިބައިގަކަމެއް އެނގުނީ ކިހިނެއްކަމެއް ނޭނގޭ، އަހަރެން އޭގެ ފަހުން އެމީހާއެއް ނުދެކެން، މީގައި ލިޔެފައި އޮތީ އޭނާއަތުން އަހަރެންގެ ފޯނު ހަލާކުވީމަ ފޮނުވިއެއްޗެއްކަމަށް، އެއީ އޭނާ ގަސްދުގައި ކުރިކަމެއް ނޫންކަމަށް، އެކަމަށް މާފަށް އެދިފައި އޮތީ” ޢިޒްވާ ހާސްވެފައި ހުރެ އައިސް ފަރްޝާގެ ގާތުގައި އެނދުގައި އިށީންނަމުން ފޮށިގަނޑު ދައްކާލިއެވެ.

“މީ ހާދަ އަގުބޮޑު ފޯނެއްހެން ހީވެޔޭ” ފަރްޝާގެ ސަމާލުކަން ވެސް އެފޮއްޓަށް ހުއްޓުނެވެ.

“އާން މަންމާ! ނޮކިއަރ ލޫމިއަރ އަކީ ސަމަރް އާއިއެކު އޭނާ ގަންނަން ބޭނުންވެގެން އަހަރުމެން ގޮސް ބެލި ފޯނު، މިއީ ޔަޤީނުން ވެސް އަހަރެންގެ ފެންވަރެއްނޫން… އެހެންނޫނަސް ނުދަންނަ މީހުންއަތުން މިކަހަލަ އަގުބޮޑެތި އެއްޗެހި ޤަބޫލުކުރާނީ ކިހިނެއް، ނޫނީ އެމީހާ އަހަންނަށް ފާރަލަނީ ކަމަށް ވެސް ވެދާނެ” ޢިޒްވާގެ މޫނުމަތިން ކުރިއަށްވުރެ ވެސް ހާސްކަން ފާޅުވެގެން ދިޔައެވެ.

“ދަރިފުޅާ، ފިރިހެނުންގެ ގޮތެއް ނޭނގޭނެ، އެކަމަކު މިވަގުތު ދަރިފުޅަށް ފޯނެއް ވަރަށް ބޭނުންވެފައި ތިހިރީ، އަނެއްކާ ދަރިފުޅު ތިބުނަނީ އެމީހަކު އަތުން ދަރިފުޅުގެ ފޯނު ހަލާކުވީމައޭ މިފޯނު ދީފަ މިއޮތީ، މާފަށް އެދިފައި އޮވެއްޖެއްޔާ އެއީ ގޯސްމީހަކަށް ވެދާނެއެކޭ މަންމަގެ ހިތެއް ނުބުނޭ، އެހެންވީމަ ބޭނުންކުރުމަކުން ގޯހެއް ނެތެންނު، އެހެންވިޔަސް ދަރިފުޅަށް އެނގޭނީ ދަރިފުޅު ނިންމާނެ ގޮތެއް” ފަރްޝާއަށް ޢިޒްވާގެ ކަންބޮޑުވުން ފެނިފައި އޭނާގެ އަތުގައި ފިރުމާލަމުން މިހެން ބުނެލިއެވެ. ޢިޒްވާ އިރުކޮޅަކު ވިސްނަން އިނެވެ. އަދި ފަރްޝާގެ އަތުން ފޮށިގަނޑު ނަގާފައި އޭތި ހުޅުވާލިއެވެ. އޭގައި ހަޤީޤަތުގައި ވެސް އޮތީ ފޯނެއްތޯ ބަލާށެވެ. ޓައިލްސްތަކުގެ މަތީގައި ގަޔާއި ދުރަށްވާގޮތަށް ފޮށިގަނޑު ބަހައްޓައިގެން ހުރެ ޢިޒްވާ އޭތި ކުއްލިއަކަށް ހުޅުވާލުމާއިއެކު ފަހަތަށް ޖެހުނެވެ. އެމީހަކު ލަނޑެއް ދިނުމުގެ ގޮތުން ވެސް އެފޮށި ފޮނުވާފައި އޮވެދާނެއޭ ސިކުނޑިއަށް އެރީމައެވެ. އެކަމަކު އެހެނެއް ވެސް ނުވިއެވެ. އެފޮށީގައި އޮތީ ހަމައަސްލު ވެސް ފޯނެކެވެ. ވަރަށް ރީއްޗެވެ. ޢިޒްވާ ވަރަށް ބޭނުންވިއެވެ. އެހެންނަމަވެސް އޭގެ ބޭނުން ކުރާކަށް ނުކެރުނެވެ. ފޮށިގަނޑު ގެނެސް އަލަމާރިއަށްލާ ރައްކާކުރިއެވެ. އެތަންފެނި ފަރްޝާ ހިނިތުންވެލިއެވެ. އޭނާގެ ދަރިފުޅާއިމެދު ފަޙުރުވެރިވާ ކަހަލައެވެ. ތެދުވެރިކަމާއި ރިވެތި އަޙުލާގަކީ އެދަރިފުޅުގެ ފަރާތުން އޭނާއަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެކެވެ.

ޢިޒްވާ އަލަމާރި ލައްޕާލުމާއިއެކު ބެލްކަންޏަށް ނުކުމެ މުށިގަނޑުތަކުގައި އިންދާފައި ހުރި މާގަސްތަކަށް ފެންދިނެވެ. އޭގެ ފަހުގައި ފަރްޝާއަށް ސައިހަދައިދީ ދެމައިންވެގެން ސައިބުޔެވެ. ހުކުރު ދުވަހަށް ވެފައި މެންދުރަށް ކެއްކުމުގެ ކުރިން ޢިޒްވާ އެއްޗެހި ދޮންނަން ފެށިއެވެ. ފާޚާނާ ކައިރީ ބަހައްޓާފައި ހުރި މެޝިނުން ދޮވެނިމުމާއިއެކު ވަށިގަނޑަށް އެއެއްޗެހި އަޅައިގެން އޭނާ ފާޚާނާއަށް ވަދެ އެއެއްޗެހީގައި ފެންލައެވެ. އޭގެ ފަހުގައި ގެނެސް ބެލްކަނީގައި ހުރި ހަރުގަނޑުގައި ހިއްކަން އަޅަމުން ދިޔައެވެ. އެގޮތަށް ދެވަނަ ބުރަށް ފެންލައިގެން އެއްޗެހި ހިފައިގެން ނުކުންފަހަރު ޝަދަފު ބެލްކަނީގައި ހުރިތަން ޢިޒްވާއަށް ފެނުނެވެ. އޭނާ ބަލަމުން ދިޔަ ގޮތުން ހީވަނީ ޢިޒްވާގެ މޫނުމަތިން ކަމެއް ދެނެގަންނަން އުޅޭ ހެންނެވެ. އެވަރަށް ޝަދަފު ބަލާތީ އުނދަގޫވި ނަމަވެސް ކުރަން ހުރި މަސައްކަތް ޢިޒްވާ ހުއްޓައެއް ނުލައެވެ. ވަށިގަނޑުން ނަގާ ކޮންމެ އެއްޗެއް އަތުން ފަތުރާލުމާއިއެކު ފޮޅާލައެވެ. އެއާއިއެކު ކުދިކުދި ފެންތިކިތައް ފަޒާގެ ތެރެއަށް ބުރައިގެން ދެއެވެ. އެހެން ހަދާލުމަށްފަހު ހަރުގަނޑުގައި އެއެއްޗެއް އަޅުވާލައެވެ.

ޢިޒްވާއަށް ނޭނގުނު ކަމުގައި ވިޔަސް އެމަންޒަރުވީ ޝަދަފަށް ހިތްގައިމު މަންޒަރަކަށެވެ. ފާޑަކަށް އެއްމިޔަ ކަނިން ހިނިތުންވެލައިގެން ހުރެ އޭނާ ޢިޒްވާއަށް ބަލަމުންދިޔައެވެ. ވަށް ދޮން މޫނާއި އަދަޔާއި ޚިލާފު ރީތި ތުންފަތެކެވެ. ކުލައެއްނުޖައްސާހުއްޓެއްކަމަކު އެތުންފަތަށް ވެރިވެފައި ހުންނަ މަޑުމަޑު ފިޔާތޮށިކުލަ ޝަދަފަށް ރީތިވިއެވެ. ބޮލުގައި ހުޅިއެއްޖަހާލާފައި ހުރިއިރު އެއްފަރާތުން އިސްތަށިކޮޅެއް ވެއްޓިފައި ހުއްޓެވެ. ނިތްކުރިމަތިން ޢިޒްވާ އެއުޅެނީ ކިހާބުރަކޮށްކަން ހެކިކޮށްދިނުމުގެ ގޮތުން ދާތިކިތައް ވިދަމުންދިޔައެވެ. ދޭތެރެއަކުން އަތުގެ ނުފުށުން ނިތްކުރި ފޮހެލައެވެ. ޝަދަފުގެ ގާތަށް ހިނިއައީ ޢިޒްވާ އޭނާއަށް ނުބަލަން މަސައްކަތްކުރާ ވަރު ފެނިފައެވެ. ކުޑަކުޑަކޮށް އަޑުބޭރުވުމާއިއެކު ޝަދަފު ހީނލުމުން ޢިޒްވާ ހުސްވެފައި ހުރި ވަށިގަނޑު ނަގާ އެދިމާލަށް އެނބުރިލާފައި ޝަދަފަށް ލޯއަޅާލަމުން އެތެރެއަށް ވަދެގެން ދިޔައެވެ. އެހިނދު ކުރިއަށްވުރެ ވެސް ބޮޑަށް ޝަދަފު ހޭންފެށިއެވެ. އަދި ބޮލުގައި އަތްފުނާ އަޅާލަމުން ދެފަރާތަށް ބޯހޫރާލިއެވެ.

“ކޮންކަމާތަ ތިހެނީ” ކުއްލިއަކަށް ޝަދަފުގެ ފަހަތުން ޔޫޝައުގެ އަޑުއިވުނެވެ.

“މީ… މީ… ކޮތަރެއް…. އެއޮތްގޭ ފުރާޅުން” ވަގުތުން ޝަދަފުގެ މޫނުމަތީގެ ކުލަ ބަދަލުވެގެން ދިޔައެވެ. އޭނާ ހުރީ ޢިޒްވާއަށް ބަލަންކަން ސިއްރުކުރީ ކީއްވެކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ.

“ރިއަލީ…އައި ވޯންޓު ސީ…” ވާހަކަދެއްކުމުގައި ދިވެހި ބަހަށްވުރެ އިނގިރޭސި ބަސް އިސްކުރާ ޔޫޝައު އައިސް ބެލްކަނީގައި މަޑުކޮށްލަމުން މައްޗަށް ބަލާލިއެވެ. އޭނާއަށް އެއްވެސް އެއްޗެއް ނުފެނުނެވެ.

“ކަމެއް ބޭނުންވީތަ” ޝަދަފު، މައްޗަށް ބަލަމުން ދިޔަ ޔޫޝައުއަށް ބުނެލިއެވެ.

“މޮމް ޓޯލްޑް ދެޓް ޑޭޑް އާއިއެކު ހުކުރަށް ދާންވާނެ ކަމަށް” ޔޫޝައު މިހެން ބުނެލަމުން އެތެރެއަށް ހިނގައިގަތެވެ. ޝަދަފު ވެސް ޢިޒްވާމެން ބަޔަށް ބަލާލާފައި ޔޫޝައު އާއިއެކު ކޮޓަރިތެރެއަށް އައިސް ވަނެވެ.

“ދާންވާނެ އެންނު، ހަނދާންވޭތަ ކުޑައިރު ބައްޕަ އާއިއެކު އިސްލާމީ މަރުކަޒަށް އަހަރުމެން ދަމެންނު، އެދުވަހު އަހަރުމެން ދެމީހުން މަންމަ ހުންނާނީ ހުދު ކުރުތާ ލައްވާފައި….ހެ ހެ ހެ…” ޝަދަފު ޅައިރުގެ ހަނދާން އާކޮށްލުމާއިއެކު ހީނލިއެވެ.

“އެންމެ ފަހުން ހުކުރަށް ދިޔައީ ކޮންދަވަހަކުކަމެއް މިހާރު ހަނދާނެއްވެސްނެތް” ޔޫޝައު ބޮލުގައި އަތްހާކާލާފައި ބުނެލިއެވެ.

“މިކޮޅުގައި ހުރިއްޔާ ނަމާދު ކުރޭތޯ މަންމަ ބަލާނެ، ދެން ދޭ… އަހަރެން ވެސް ފެންވަރާލައިގެން މިދަނީ” ޝަދަފު މިހެން ބުނުމުން ޔޫޝައު ބޯޖަހާލާފައި އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

ހުކުރަށް ދިއުމަށްޓަކައި ޝަދަފު ތައްޔާރުވެލައިގެން ހުރެ ކޮޓަރިން ނުކުންނަން ދިއުމުގެ ކުރިން ބެލަކަންޏަށް ކަޅިއެއް އެއްލިއެވެ. އެހެންނަމަވެސް އޭނާގެ ލޮލުގައި އޭރު ހޯދަމުންދިޔަ ފަރާތެއް އަޅައެއްނުގަތެވެ. މޫނުމައްޗަށް ހަރަކާތެއްގެނައުމާއިއެކު އެއްއަތް ފަޓުލޫނުގެ ޖީބަށް ޖަހާލަމުން ޝަދަފު ކޮޓަރިން ނުކުމެގެން ދިޔައީ ޔޫޝައުގެ ކޮޓަރިއަށެވެ. އެކޮޓަރީގައި ޓަކިދިނުމުގެ ކުރިން ޔޫޝައު ކޮޓަރީގެ ދޮރުހުޅުވާލައިފިއެވެ. ދެބެން އެކަކު އަނެކަކަށް ތަޢުރީފުކޮށްލުމާއިއެކު ތިރިއަށް ދާން ހުރި ހަރުފަތްތަކާއި ދިމާލަށް ދިޔައެވެ.

ބޮޑުކޮޓަރިތެރޭގައި ހުރި ތަރަފްގެ އަތަށް ފަތްޖަހާލާފައި އޮތް ރުމާލެއް އަސްމަހާނު ގެނެސް ދިނެވެ. އޭގައި ހިފިވަގުތު ސިޑިން ފައިބައިގެން އައިސް ބޮޑުކޮޓަރިތެރެއަށް ނުކުން ދެކުދިން ތަރަފްގެ ލޮލުގައި އަޅައިގަތެވެ. ހިތްހަމަޖެހުމުގެ ކުލަވަރު އޭނާގެ މޫނުމަތިން ފާޅުވެގެން ދިޔައެވެ. އަވަސްވެގަތީ ދެބެންގޮވައިގެން ގެއިން ނުކުތުމަށެވެ. އެމީހުންގެ ފަހަތުން އަދަބުވެރިކަމާއިއެކު އުސައިދު ނުކުތެވެ.

* * * *

މެންދުރުގެ ކެއުން ނިންމާލުމާއިއެކު އަރާމުކޮށްލަން ޢިޒްވާ ބޭނުންވިއެވެ. އެކަމަކު ހުކުރު ދުވަހުގެ އެގަޑިއަކީ އޭނާ ޓީވީ ބަލަން ޚާއްޞަކަމެއް ދޭވަގުތެކެވެ. އެހެންވެ ހަށިގަނޑަށް ލިބިފައިވާ ލޮޑުކަމާއިއެކު ވެސް ޢިޒްވާ އައިސް ސޯފާގައި އިށީނެވެ. އޭރު ޓީވީއިން ދައްކަމުން ދިޔަ ދޭއްގެ ޚަބަރު ބަލަން ފަރުޝާ އިނެވެ.

“ދަރިފުޅު ރަނގަޅު މަސައްކަތެއް ތިފެށީ، މަންމަ ވެސް ކުރިން އުޅުނީ ތިހެން، ބުރަކަށީގައި ރިއްސާވަރުން މިހާރު ފަހަން ނީނދެވެނީ، ވަރަށް ފޫހި ވެސް ވޭ ކަމެއްނުކޮށް މިހެން ހުންނަންވީމަ” ސޯފާގައި އައިސް ޢިޒްވާ އިށީނުމުން، ދަރިފުޅަށް ބަލާލާފައި ހިނިތުންވެލަމުން ފަރުޝާ ބުނެލިއެވެ.

“ކުރާހިތްވޭ، އަތްމަތި ތަނަވަސްވާނެކަން ވެސް އެނގޭ، އެކަމަކު ބިރުގަންނަނީ މީހެއްގެ ހެދުމެއް ހަލާކުވެދާނެތީ” ޢިޒްވާ އޭނާގެ މަންމައަށް ބަލާލަމުން ބުންޏެވެ.

“ކުރީކޮޅު އެހެން ހިތަށްއަރާނެ، އެކަމަކު އާންމުކޮށް ފަހަންފެށީމަ ތިކަން ކެނޑޭނެ، މިހާރަށްވުރެ އޮންނަ އިތުބާރު ބޮޑުވެގެންދާނެ، މަންމައަށް އެނގޭ ދަރިފުޅު ކޮންމެ ކަމެއްކުރިޔަސް ކުރާނީ ވަރަށް ފަރުވާބަހައްޓައިގެންކަން، އެހެންވީމަ ގޯހެއްވުން ވަރަށް ދުރުވާނެ” ފަރުޝާ ހިތްވަރުދޭ ފަދަ ގޮތަކަށް ބުނެލިއެވެ.

* * * *

ހަވީރު ބޭރަށް ދިއުމަށް ގެއިން ނުކުން ޝަދަފަށް މީހަކު ގޮވާލުމުން އަޑުއައި ދިމާލަށް ބަލާލިއިރު ދުރުން އެގޯޅިއަށް ވަދެގެން އަންނަ މުންސިރު ފެނުނެވެ.

“އޭތް! ކޮންތާކަށް ތިހިރީ ބަހައްޓާފައި، ހިނގާބަލަ އަހަރެން ތަނަކަށް ވަށްޓާލަދޭން” މުންސިރު މިހެން ބުނުމުން ޝަދަފުގެ ތުންފަތަށް ހިނިތުންވުމެއްވެރިވުމާއިއެކު އެނބުރި ގެއާއި ދިމާލަށް ވެސް ބަލާލެވުނެވެ.

“އަހަރެން މިއުޅެނީ ހިނގާފައި، ރައްޓެސަކު އައިސްގެން އޭނާ އާއިއެކު މިދަނީ ވަރަށް އަވަހަށް ތަނަކަށް ދާންވެގެން” ޝަދަފު މިހެން ބުނެލިގޮތުން ހީވީ މުންސިރުގެ ކިބައިން ސަލާމަތްވާން ބޭނުންވި ހެންނެވެ.

“ތިގޮލާ، ގޭ ކާރު ކޮބާ، ބައްޕައެއް ނުދިންދޯ ތަޅުދަނޑިއެއް، ކަޑައެންނު… އެހެންނޫންނަމަ އަހަރުމެންނަށް ބުރެއް އަޅާލަން ދެވުނީހެންނު” މުންސިރު ޗޮކެއް ކަނޑާލުމާއިއެކު ބުނެލިއެވެ. އެއާއިއެކު ޝަދަފުގެ މޫނުމަތިން ފެނިގެން ދިޔައީ ލުއި ހުނިތުންވުމެކެވެ.

“އޯކޭ ބްރޯ، ކެނޑީ އިނގޭ” މުންސިރު މިހެންބުނެ ޝަދަފުގެ ކޮނޑުގައި ޖަހާލާފައި ހިނގައިގަތުމުން ދެފަރާތަށް ބޯހޫރާލާފައި ޝަދަފު ވެސް ހިނގައިގަތީ ގޯޅިތެރޭން މައިމަގަށް ނުކުންނާށެވެ.

އެއްފަރާތެއްގައި މަގުގެދުވާރުކައިރީ ޕާކުކޮށްލާފައި އޮތް ރަތްކުލައިގެ ކާރަށް ޝަދަފު އައިސް އެރިއެވެ. އެއީ ނަވާލުގެ ކާރެވެ. ދުއްވަން އިނީ ވެސް ޚުދު އޭނާއެވެ. ނަވާލުގެ ޢާއިލާ އާއި ބެހޭގޮތުން ޝަދަފަށް ކޮންމެވެސް ވަރަކަށް އެނގިފައިވެއެވެ. ހީކުރިވަރަށްވުރެ ބޮޑަށް އޭނާގެ ޚިޔާލާއި ނަވާލުގެ ޚިޔާލުގައި އެއްގޮތްކަން ބޮޑެވެ. ވާހަކައިގައި ތިބެ ދެޒުވާނުން އެކުގައި މިސްރާބުޖެހީ ސީހައުސް ރެސްޓޯރަންޓާއި ދިމާލަށެވެ. ނަވާލު އާންމުކޮށް ދާތަނަށެވެ.

“ކޮފީއެއް…” ވަށައިގެންވާ ހިތްގައިމު ޤުދުރަތީ މަންޒަރުތައް ފެންނަގޮތަށް އެއްފަރާތެއްގައި ހުރި މޭޒުގެ ކައިރީ އިށީނުމާއިއެކު ނަވާލު މިހެން ބުނެލީ އޭނާގެ ގާތުގައި އައިސް މަޑުކޮށްލި ވެއިޓަރަށެވެ.

“ރެޑްބުލްއެއް” ވެއިޓަރުމީހާ ޝަދަފަށް ބަލާލުމުން އޭނާ ވެސް ގެންނަންވީ ކޮންއެއްޗެއްކަން ބުނެލިއެވެ.

“ކޮބާ ދެން ކޮންކަމެއް އޮތީ، ވަޒީފާއަކަށް ދާކަށް ހަމަ ގަސްދެއްނުކުރަންތަ” ދެޒުވާނުން މޭޒުދޮށުގައި އެކަނިވުމުން ކުރިން ވާހަކަދެއްކީ ނަވާލެވެ.

“އަދި އެހާ އިމްޕޯޓެންޓު ނޫނީ، ޖޮބަކަށް ނުދާކަށްނޫން، ގޭގައި ހުންނަންވީމަ ވަރަށް ފޫހި ވެސް ވޭ” ޝަދަފު ބުނެލިއެވެ.

“އަހަންނާއިއެކު ޖިމްއަށް ދާންވީނު، އޭރުން ވަގުތު ގިނަވަގެން އުޅޭކަށް ނުޖެހޭނެ އެންނު” ނަވާލު ޚިޔާލެއް ދިނެވެ.

“ހޫމް! ތީ ވަރަށް ރަނގަޅު ޚިޔާލެއް، ގޭގައި ބައެއް ޖިމް ސާމާނު އެބަހުރި، އެކަމަކު ބޭރަށް ނުކުމެލުމުން ހިތްހަމަޖެހުން ލިބޭނެ، އަނެއްކާ ނަވާލުމެން ގޭގައި ހުންނަ ޖިމަކަށް ދާންތަ ތިބުނަނީ” ޝަދަފު ވިސްނާލިއެވެ.

“ހެ ހެ ހެ… ނޫނޭ! އަހަރެން ދަނީ ހަމަ ތަނަކަށް، މިހާރު ވަރަށް ދުވަސްވެއްޖެ، އެކަމަކު އަހަރެން ދަނީ ވަރަށް ހެނދުނާ، ޝަދަފަށް ހެނދުނު އޯކޭވާނެތަ” ނަވާލު އަހާލިއެވެ.

“އާން! ހެނދުނު އަހަރެން އުޅޭނީ ހޭލާ، އެނގޭ ނަވާއަށް ބަލާލާފައި ވެސް ވަރަށް ކަސްރަތުކުރާކަން، މަސްތައް ތިހިރީ ހަމަ ހުންނަންވާގޮތަށް، ގޮޅިގޮޅި ކަނޑާލާފައިވިއްޔާ، އަހަރެން ކަސްރަތުކޮށް އުޅެނީ ވަރަށް ކުޑަކޮށް، ބޮޑުވަރަކަށް ވެސް ޓްރެޑްމިލަށް އަރާލަނީ، އެކަމަކު ހިތަށް އަރާ މިކޮޅަށް އާދެވުނީމަ ދެން އިތުރުކަމެއް ނޯންނާނެއޭ، އެހެންވީމާ ބޮޑީ ސަޅިކޮށްލަންވީއޭ” ޝަދަފު ވާހަކަދައްކަމުން އޭނާގެ އަތުގެ މުލައްދަނޑި ދައްކާލިއެވެ.

“ތިހެންވީރު ޝަދަފަށް ހުއްޓޭ ކަޅިތައް ގިނަވާނެ، އަހަރެން ވެސް މީހަކާ އިންނަންދެން އެކަން އޮތީ އެގޮތަށް، އެތަށް އަންހެން ކުދިންނެއްގެ ފަރާތުން ތަޢުރީފުގެ ބަސްތައް ލިބެމުންދިޔަ” ނަވާލު ލާނެތް ހިނިތުންވުމަކުން ހިނިތުންވެލައިގެން އިނދެ ބުނެލިއެވެ.

“އެގޮތް ކަމަކު ނުދާނެ، އަހަރެން އެހާ ބޭނުންމެއްނޫން ގިނައަންހެން ކުދިންތަކެއްގެ ސަމާލުކަން އަހަންނަށް ހުއްޓޭކަށް… އަހަރެން… އަހަރެންގެ ދިރިއުޅުމަށް އަހަރެން ގެންނަން ބޭނުންވަނީ ވަރަށް ޚާއްޞަ އަންހެން ކުއްޖެއް، މިއުޅޭ އަންހެން ކުދިން ގޮތަށް އެހާ ތުއިވާތަން ބަލާހިތެއް އަހަރެން ނުވޭ، ބޭނުންވަނީ ވަރަށް ސީދާ ސާދާ އަންހެން ކުއްޖެއް، އެކަމަކު މިހެން ބުންޏަސް އެފަދަ އަންހެން ކުއްޖަކު ހޯދުމަކީ އަދި ލިބުމަކީ ވެސް ފަސޭހަކަމެއްނޫން” ޝަދަފު ބުނެލިއެވެ. އެވަގުތު ވެއިޓަރު މީހާ އެދެޒުވާނުން އޯޑަރު ކުރި އެއްޗެހި ގެނެސް މޭޒުމަތީގައި ބަހައްޓަނީއެވެ.

“މީހެއްގެ ނަސީބެއް ނޭނގޭނެ، ޝަދަފު ތިބުނާފަދަ އަންހެން ކުއްޖަކު މިމާލޭގައި ވެސް ހުރެދާނެ، ފަހަރެއްގައި ލޯކުރިމަތީގައި ވެސް ހުރެދާނެ، އެކަމަކު ކޮންމެކަމަކަށް ވެސް ވަގުތެއް އޮވޭ، ވަގުތު ޖެހުނީމާ އެކަންވެސް ވާނެ، އެއަންހެން ކުއްޖާ އާއި ޝަދަފާއި ބައްދަލުވާނެ، ބައެއްފަހަރު ތިމާ އެކަމަކަށް މާބޮޑަށް އެދެވިއްޖެނަމަ އެކަން ހާޞިލުކުރުމަށްޓަކައި ބޭއިޙްތިޔާރުގައި ވެސް މަސައްކަތް ކުރެވޭތަން އާދޭ… ދެން މާގިނަ ދުވަހެއް ނުވާނެ ކަންނޭނގެ ދޯ، ޝަދަފުގެ ހަޔާތަށް ވެސް ބައިވެރިއަކު އައިސްދާނެހެން ވަރަށް ހީވޭ” ނަވާލު ބުންޏެވެ.

ޝަދަފުގެ ތުންފަތަށް އެވަގުތު ވެރިވެގެން ދިޔަ ހިނިތުންވުން ގުޅިގެން ދިޔައީ ނަވާލު ބުނި އެއްޗަކުން ކަމެއް ނޫނީ ޝަދަފުގެ ސިކުނޑިއަށް އެވަގުތު އެރި އެއްޗަކުން ކަމެއް އެނގޭނީ ޚުދު ޝަދަފަށެވެ. ލުއިގޮތަކަށް ހިނިތުންވެލައިގެން އިނދެ އޭނާ ބޯޖަހާލަމުން ރެޑްބުލް ތަށިން އެތިފޮދެއް ބޯލިއެވެ. ކުއްލިއަކަށް ޝަދަފުގެ ސިކުނޑީގައި ޚިޔާލެއް އެނބުރެމުން ދިޔަކަން ގައިމެވެ. ނަމަވެސް އޭނާ އިނީ ކުރިމަތީ އިން ނަވާލަށް އޭނާގެ ސިކުނޑީގައި ހިނގައި ކަންކަން ސިއްރުކޮށްގެނެވެ.

* * * *

އިޝާ ނަމާދުކޮށްގެން އެނދުގައި އޮށޯތްތަނާހެން ޢިޒްވާއަށް ނިދުނީއެވެ. އޭނާއަށް ހޭވެރިކަމެއްވީއިރު ދިހަގަޑި ބައިވަނީއެވެ. ރީތިވާ މޭޒުމަތީގައި ބަހައްޓާފައި ހުރި ކުޑަ ސޯނާގަޑި ފެނުމުން ފުންމައިގެން އޭނާ ތެދުވިއެވެ. އަދި ވަށައިގެން ހޯދާލިއިރު ބެލްކަނީގެ ދޮރު ކުޑަކުޑަކޮށް ހުޅުވާލާފައި ހުއްޓެވެ. ފަރުޝާ ފެންނަ ހިސާބަކުނެތެވެ. އެހެންވެ ތެދުވިގޮތަށް ބޮލުގެ އިސްތަށިގަނޑު އަތަށް އޮޅާލަމުން ހުޅިއެއް ޖަހާލިއެވެ. އެއައިގޮތަށް އައިސް ބެލަކަންޏަށް ނުކުމެވެން ހުރި ދޮރު ހުޅުވާލާފައި ލޯއުނގުޅާލަމުން ބަލާލިއެވެ. އެތަނުގައި އެކަކު ވެސް ފެންނާކަށް ނެތެވެ. އިހު ހުރިގޮތަށް ދޮރު ކައިރިކޮށްލާފައި ޢިޒްވާ ނުކުތީ ސިޓިން ރޫމަށެވެ. އޭރު ވީޓީވީ އިން ދައްކަމުން ދިޔަ ޕްރޮގްރާމެއް ބަލަން ފަރްޝާ ސޯފާގައި އިނެވެ.

“މަންމާ، އަހަންނަށް ގޮވާ ވެސް ނުލަމެންނު، ކައިފިންތަ، ބޭސް ކެއީތަ، އަހަރެން ފިހާރައަށް ވެސް ދާންވެފައި ހުރީ” އަވަސް އަރުވާލާފައި ވާހަކަދައްކަމުން ޢިޒްވާ ދިޔައީ އުނދުންމަތީގައި ހުރި އެއްޗެހި ހޫނުކުރާށެވެ.

“ކައްކާ، އެއްޗެހި ދޮވެހަދާފައި ދަރިފުޅު ހުރީ އޮށޯވެލަން ބޭނުންވެފައިކަން މަންމައަށް އެނގޭ، މިއަދު މެންދުރުފަހު ވެސް ޖައްސާނުލަމެންނު، އެހެންވެ މަންމަ ހިތަށްއެރީ ދަރިފުޅު އަރާމުކޮށްލަން ބާއްވާނީއޭ، މަންމަ ކެއުމުގެ ކުރިން ކާބޭހާ، ކެއުމުގެ ފަހުން ކާބޭސްތައް ވެސް ކައިފިން، އަދި މާދަމައަށް އާޓާފުށްޕެކެޓަކާއި ފިޔާކިލޯއެއްވެސް ގަނެގެން ގެނެސްފައި ހުންނާނީ، ބާކީ ހުރިއެއްޗެއްވިއްޔާ ދަރިފުޅު ހޭލައިގެން ކާންވާއިރަށް ތިހިރީ ހޫނުވެސް ކޮށްލާފައި” ފަރުޝާ ވަރަށް ހަމަޖެހިލާފައި އިނދެ ބުނެލިއެވެ.

“މަންމަ ފިހާރައަށް ވެސް ދިޔައީ، ކީއްކުރަން… އަހަރެން ދާނެކަން އެނގެއެންނު، އަނެއްކާ ނޭވާލާން އުނދަގޫވާއިރު ކީއްކުރަން އުނދުނާއި ކައިރިވީ” ޢިޒްވާގެ ވާހަކަހުރިގޮތުން ހީވަނީ ފަރުޝާދެކެ އޭނާ ހުރީ ހިތްހަމަނުޖެހިފައި ހެންނެވެ.

“އެވަރުކަމެއްތަ އެއީ، ދޭތެރެއަކުން މަންމަ ވެސް މަސައްކަތެއްކޮށްލާހިތްވާނެ އެންނު، ދަރިފުޅު ތިއުޅެނީ ހާދަ ބުރަކޮށޭ، ތިހާ ޅައުމުރުގައި އަރާމެއްނެތި މަސައްކަތުގައި ދަރިފުޅު އުޅުމަކީ މަންމަ އެންމެ ބޭނުންވާގޮތެއްނޫން، މަންމަ ވަރަށް ދެރަވޭ ދަރިފުޅު ތިހެން އުޅޭތީ، މަންމަ ވެސް ބޭނުން މިއުޅޭ އެހެން އަންހެން ކުދިން ގޮތަށް ދަރިފުޅު ވެސް އުޅޭތަން ދެކެން، އެކަމަކު މަންމަގެ ޚަރަދުތައް ވެސް ތިބަލަހައްޓަނީ ދަރިފުޅު، ކިޔެވުން އަދި ނިންމާލާކަށްނުވޭ، އެކަމަކު އިސްކޫލުން ކިޔެވެން ހުރި އެންމެ މައްޗަކަށް ކިޔަވައި ނިމުނީއްސުރެން ތިއުޅެނީ މަސައްކަތުގައި….” ފަރުޝާގެ އަޑުގައި ހުރި މާޔޫސްކަން ޢިޒްވާގެ ހިތަށް ތަދުކުރުވިއެވެ. މަޑުމައިތިރިކަމާއިއެކު ޢިޒްވާ އައިސް އޭނާގެ މަންމަގެ ގާތުގައި އިށީނދެ ލުއިހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

“މަންމާ، ތިހުރިހާ ކަމަކާ ނުވިސްނާށޭ އަހަރެން ބުނީމެންނު، މިއަދު އަހަރުމެން ދެމައިންނަށް ﷲ މިންވަރުކުރެއްވިގޮތް މިއީ، އަހަރެން ކުޑައިރުންފެށިގެން މިހާވަރުވަންދެން ހުރިހާ ކަމެއްކޮށްދީގެން ބަލާ ބޮޑުކުރީ މަންމައެންނު، މަންމަ އަހަންނަށް ކޮންމެކަމެއް ވެސް ކޮށްދޭނީ ލޯބިންކަން އަހަންނަށް އެނގޭ، އެކަމަކު މަންމަ ބަލީވީމައޭ އަހަރެން މަންމަ ގާތު ކަންކަން ނުކުރާށޭ މިބުނަނީ، އިރާދަކުރެއްވިއްޔާ އަހަރެން އަބަދުވެސް މަންމަގެ ކަންތައްތައް ކޮށްދޭނަން، ދުވަހަކު ވެސް އަހަންނަށް މަންމަގެ އެއްވެސް ކަމެއް ބުރައަކަށްނުވާނެ…” ޢިޒްވާ، ފަރްޝާގެ އަތުގައި ހިފާލަމުން ގާތްވެލާފައި ފަރުޝާގެ ކޮނޑުގައި ބޯއަޅާލިއެވެ.

“ކޮންދުވަހަކުންތަ ދެން ޑޮކްޓަރަށް ދައްކަންއޮތީ” ފަރުޝާގެ އޭނާގެ ކޮނޑުގައި ބޯއަޅާލައިގެން އިން ޢިޒްވާގެ އަތުގައި ފިރުމާލަމުން އަހާލިއެވެ.

“ދެމަސްދުވަހުގެ ބޭސް ހުސްވީމަ، ފަހުން ދީފައި ހުރި ބޭސްތަކުން މަންމައަށް އެއްވެސް އުނދަގުލެއްވޭތަ، ޑޮކްޓަރު އެދުވަހު ވިދާޅުވެފައި އޮތީ ފަހުން ދީފައި ހުރި ބޭސްތަކުން އިތުރު އުނދަގުލެއްވަންޏާ ވީހާ ވެސް އަވަހަކަށް ދައްކަން އަންނަންވާނެކަމަށް” ޢިޒްވާ، ފަރުޝާގެ ކޮނޑުން ބޯހިއްލާލަމުން ބުނެލިއެވެ.

“އިތުރު އުނދަގުލެއް ވާކަމެއް މަންމައަކަށް ފާހަގައެއް ނުކުރެވޭ، ކުރިން ވެސް ހުންނަނީ ގުނބުހިލިފައި، އެކަން އަދި ވެސް ރަނގަޅެއްނުވޭ، އެކަމާއި ހެދި އޮށޯވެގެން އޮންނަން ވަރަށް އުނދަގޫ” ފަރުޝާ އޭނާގެ މޭގައި ފިރުމާލަމުން ބުނެލިއެވެ.

ދެމައިންގެ ވާހަކަ ކުރިއަށް ދިޔައިރު ފަރުޝާ ކަންތައްތަކެއް ސިއްރުކުރަމުން ދިޔައެވެ. ދަރިފުޅު ހާސްވެ ކަންބޮޑުވާނެކަން އެނގޭތީއެވެ. އަނެއްކޮޅުން ރަނގަޅު ފަރުވާއެއް ލިބިގަންނާނޭހާ އަތްމަތި ވެސް ތަނަވަސް ނޫންވީމާއެވެ. މިއިން އެއްވެސް ކަމެއްގެ ހިލަމެއް ޢިޒްވާއަކަށް ނުވިއެވެ. އޭނާ ފަރުޝާ އާއި ވާހަކަދައްކަން އިނދެފައި މާބޮޑަށް ބަނޑުހައިކަން އިޙުސާސްވާން ފެށުމުން ތަށްޓަށް ކާއެއްޗެހި އަޅައިގެން އައެވެ. އަދި ޓީވީ ބަލަން ފަރުޝާ އާއިއެކު އިނދެ ކަމުން ދިޔައެވެ. ވަރުބަލިކަން އިޙުސާސް ކުރެވެމުން ދިޔަ ފަރުޝާ ދަރިފުޅުގެ ގާތުގައި ނިދަން ދަނީ ކަމުގައި ބުނެ ސޯފާއިން ތެދުވީ އެގާރަ ޖެހީމައެވެ. ދަމު ނަމާދަށް ހޭލުމަކީ ފަރުޝާގެ އާދައެއްވީމާ އޭނާ ބޭނުންވީ އޭނާގެ ބަލިހަށިގަނޑަށް އަރާމެއްދީފައި ނަމާދަށް ތެދުވާށެވެ. މަޑުހިނގުމުގައި އޭނާ ގޮސް ކޮޓަރިއަށް ވަންނަމުން އެނބުރި ޓީވީއަށް ގެއްލިފައި އިން ޢިޒްވާއަށް ބަލާލިއެވެ.

“ދަރިފުޅާ، ނިދަން އޮށޯތުމުގެ ކުރިން ހަނދާންކުރައްޗޭ ބެލްކަނީގެ ދޮރުލައްޕާތަޅުލަން، ކޮޓަރިތެރެ އުދާސްވެފައި ހުރީމާ މަންމަ އެހެރީ އެދޮރު ކުޑަކޮށް ހުޅުވާލާފައި” ފަރުޝާ މިހެން ބުނުމުން ސޯފާގައި އިން ޢިޒްވާ ނިކަން އަވަހަށް ބޯޖަހާލިއެވެ.

* * * *

ބޯޖަހާލާފައި އީޝާ ހިނގައިގަތީ ލީވާންގެ ފަހަތުންނެވެ. އޭރު ބޮޑުކޮޓަރިތެރޭ ސޯފާގައި ތަރަފުގެ ދެމަފިރިންނާއި އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާ ރަސަލްގެ ދެމަފިރިން ވާހަކައިގައި ތިއްބެވެ. ތަރަފް އާއި ރަސަލް ވިޔަފާރީގެ ދުނިޔޭގެ އެކިއެކި މަންޒަރުތަކަށް ފާޑުކިޔަމުން ދިޔައިރު އަސްމަހާނު އޭނާގެ ގާތުގައި އިން ރަސަލްގެ އަންހެނުން ޒަބާ އާއި ދިރިއުޅުމުގެ ވާހަކަތައް ހިއްސާކުރަމުން ދިޔައެވެ. އެގޮތުން އަސްމަހާނުގެ ސަމާލުކަން ޒަބާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅުގެ ނަންކިޔާލުމުން އެކަމަށް ހުއްޓިގެން ދިޔައެވެ.

“ކީއްވެތަ ރީޝަމް ނާންނަނީ، ޝަދަފު ގާތު ވެސް ބުނިން ޒަބާމެންގެއަށް ދާންވާނެއޭ، އެކުއްޖާ އުޅެނީ އަސްލަމުމެންގެ ހަގު ކުއްޖާ އާއި މާގުޅާލައިގެން، މިރޭ ވެސް އެގޭ ނަވާލާއިއެކު ބޭރުގައި އުޅެފައި އެއައީ… ހައި ސްކޫލު ނިމެންދެން ރީޝަމް އާއި ދެކުދިން އުޅުނީ ކިހާ އެކުގައި ދޯ” އަސްމަހާނު ހިނިއައިސްފައި އިނދެ ވާހަކަދެއްކިއެވެ.

“މިހާރު ރީޝް އެހުރީ ބޮޑުވެފައި، ކުރިން ހުރި ޅަގޮތް ވަރަށް ނުހުރޭ، އެކަމަކު އަދިވެސް ކުއްޖަކާއި ގުޅޭކަހަލަ ޚިޔާލެއް އެކުއްޖާ ވެސް ނުކުރޭ، އަހަންނަށް ހީވަނީ ޝަދަފު ގާތު ބުނެގެން ރީޝް ތަންކޮޅެއް ހަރަކާތްތެރިކޮށްލަންވީ ކަންނޭނގެ، އަބަދު އޮންނަނި ގޭގައި، ބޭރަކަށް ނުނިކުމޭ، އެކަމަކު ރާއްޖޭން ބޭރަށް ގޮސްފިއްޔާ ގެއަށް ނުވެސް ވަންނާނެ އިރުނޯއްސެނީސް” ޒަބާ ބުނެލިއެވެ.

“މާދަމާ ރީޝަމް ފޮނުވަންވީނު މިކޮޅަށް، އަހަރެން ދަޢުވަތު ދިނީމަ ނުކުރޭނެ ނައިހެއް، މިހާރު ރީޝަމް ފެނިފައި އެއީ ކުރީގައި ފަލަފަލަކޮށް ބޯޅަގަނޑެއްހެން ހުރި ކުއްޖެއްކަން އެކަކުވެސް ޤަބޫލެއް ނުކުރާނެ، އަނެއްކާ ކުރިން އުޅުނު ޓޮމްބޯއީ ގޮތް ކެނޑި މިހާރު ވަރަށް އަންހެން ވެއްޖެ، ކުޑަކުޑަ ކަމެއްވާއިރަށް ލަދުގަންނަވަރު އަހަންނަށް ވެސް މިހިރީ ފެނިފައި، ޒަބާ، ރަސަލް ދެއްކި ކުއްޖަކު އެޑޮޕްޓު ކުރަން އުޅޭ ވާހަކަ، އެކަން ކިހިނެއްތަވީ” އަސްމަހާނު ކުއްލިއަކަށް ކަމެއް ހަނދާންވެގެން އަހާލާފަދަ ގޮތަކަށް ޒަބާއަށް ގޮވާލާފައި ބުންޏެވެ.

“ރީޝަމްގެ އެއްވެސް އިއުތިރާޒެއް އެކަމުގައިނެތް، އަހަރުމެންނަކީ އޮސްޓްރޭލިއާގެ ރައްޔިތުން، އެޖެންސީއަށް އެކޮޅުގައި ހުރި އަހަރުމެންގެ ގޭގެ ރަޖިސްޓްރޭޝާނާއި އަދި ވެސް އެފަދަ ލީގަލް ލިޔުންތައް ހުށަހަޅަންޖެހޭ، ޒިޔާން އެކަންތައްތައް އެބަކުރިއަށްގެންދޭ، އެކަމަކު އެކަން ހަމަޖެހިއްޖެއްޔާ އަހަރުމެން ދުވަސްކޮޅަކު އެކޮޅުގައި އުޅެންޖެހޭ، އެޖެންސީގެ ޕޮލިސީ އޮތްގޮތުން، މިހާރު ވެސް މިތިބެނީ ފުރަންތައްޔާރަށް، އަސްމާ، އަހަންނާއި ރަސަލް ނެތްތަނުގައި ތީއަހަރެން އެންމެ އިތުބާރުކުރާ ދެމަފިރިން، ރީޝް ފަހަރެއްގައި އަހަރުމެންނާއިއެކު ނުގޮސްދާނެ، އެކަން ރަސަލް އޮތީ ރީޝްގެ އަތްމައްޗަށް ދޫކޮށްލާފައި، އެކުއްޖާ އަހަރުމެންނާއިއެކު ނުދާނަމަ އަހަރެން ގަސްދުކުރަނީ މިގޭގައި އޭނާ ބަހައްޓާފައި ދާން….” ޒަބާގެ ވާހަކަ ރަނގަޅަށް ނުނިމެނިސް އަސްމަހާނު ވާހަކަދައްކަން ފެށިއެވެ.

“އެއީ ހަމަ އަހަރެންގެ ދަރިއެއްފަދަ ކުއްޖެއް، ބޭނުން ދުވަހެއް ވަންދެން މިގޭގައި ހުރެވޭނެ، އަހަންނަށް ހީވަނީ ރީޝަމް ފޫހިވާނެ ވަގުތެއް މިގެއަކުން ނުލިބޭނެހެން، އަނެއްކާ ޔޫޝައު ވެސް ނަސީބަކުން މިދުވަސްކޮޅު ގޭގައި އެބައުޅޭ، އެހެންވީމަ ގޭތެރެ ވަރަށް ހަލަބޮލިވާނެ…. ޒަބާ އެއްވެސް ވަރަކަށް ހާސްވާނެކަމެއްނެތް” އަސްމަހާނު، ޒަބާގެ ކޮނޑުގައި މަޑުމަޑުން އަތްޖައްސާލީ އޭނާދެއްކި ވާހަކަތަކުގެ ތެދު ހާމަކޮށްދިނުމުގެ ގޮތުންނެވެ. ހަޤީޤަތުގައި ވެސް ޒަބާ ހާސްވާން ނުޖެހޭނެތީއެވެ.

“ތަރަފް ކޮންއިރަކުން ޝަދަފު ގޮވައިގެން އެކޮޅަށް ޖައްސާލާނީ” ރަސަލް ކުއްލިއަކަށް މަޢުލޫބަދަލުކޮށްލިއެވެ.

“ރަސަލް ގުޅީމައެންނު އެސޮރު ގޮވައިގެން ދެވޭނީ” ތަރަފު ބުންޏެވެ.

“ސަފާރީ އެއޮތީ ހުޅުމާލެ އާއި ދިމާލުގައި އަޅާފައި، އެއަކަންނު ގޮވައިގެން ދާނީ، މިހާރު ބުނެފިންތަ ޝަދަފު ގާތު އެވާހަކަ” ރަސަލް ހިނިއައިސްފައި އިނދެ ސޯފާގައި ބުރަކަށިޖައްސާލަމުން އެއްފައިމައްޗަށް އަނެއްފައި ލިއެވެ.

“އަދި ނުބުނަން، ރަސަލް ދޭން އުޅޭ ހަދިޔާގެ ވާހަކަ ރަސަލް އެންނު ބުނާނީ، އަހަންނަކީ ސްޕަރައިޒް ސްޕޮއިލާއެއްކަމަށްތަ ހީކުރީ” ތަރަފު ވެސް ހީނލާފައި ބުނެލިއެވެ.

ރަސަލްމެންގެ ދެމަފިރިން އެގެއިން ނުކުމެގެން ދިޔައީ ދަންވަރު އެކެއް ވެސް ޖެހިފަހުންނެވެ. އެއާއިއެކު މުޅި ގޭތެރެ ހަމަހިމޭންވެގެން ދިޔައެވެ. ތަރަފް އާއި އަސްމަހާނު ވެސް އައިސް ވަނީ އެމީހުންގެ ނިދާ ކޮޓަރިއަށެވެ. ރީތިވާ މޭޒުގެ ދޮށުގައި އިށީނގެ އަތުގައި އަޅާފައި އޮތް ރަންތަނޑިބަޔާއި ހިމަގަޑި ނަގާ މޭޒުމަތީ ބާއްވާލިއެވެ. އަދި ކަންފަތުގައި ލާފައިވާ މުދި ވެސް ނަގާ އެއަށް ޚާއްޞަކުރެވިފައި ހުރި އެއްޗަށް ލިއެވެ. ދެން އޭނާ އަވަސްވެގަތީ ފާޚާނާއަށް ވަނުމަށެވެ. އޭރު ތަރަފު ވެސް އެއްޗެހި ބަދަލުކުރަމުން ދިޔައެވެ.

“ތަރަފު، މިރޭ ވަރަށް ރަނގަޅު ޚިޔާލެއް އަތުވެއްޖެ” އަސްމަހާނު، ތަރަފް އާއި ދިމާލަށް އެނބުރިލަމުން ބުނެލިއެވެ. އޭރު ދެމަފިރިން ވެސް ފާޅާނާއިން ނުކުމެ އެނދަށް އަރާ ތިބީ ނިދާށެވެ.

“ކޮން ޚިޔާލެއް…. އަނެއްކާ އަހަރެން ވެސް މަޖިލިސް ގޮނޑިއަށް ކުރިމަތިލާންވީތަ” ތަރަފް ސަމާސާ ރާގެއް އެކުލެވޭފަދަ ގޮތަކަށް ބުނެލިއެވެ.

“ހެ ހެ ހެ…. ސިޔާސީ ޚިޔާލެއްނޫނޭ، އަޅުގަނޑަށް ހީވަނީ ޒަބާމެންގެ ޢާއިލާ އާއި މިހާރު އޮތް ގާތްކަން ޢާއިލީ ގުޅުމަކަށް ބަދަލުކޮށްލުން ވަރަށް ރަނގަޅުވާނެހެން” އަސްމަހާނު ބުނެލިއެވެ.

“ކޮން އަޅުގަނޑެއްތަ، މިވަގުތު އަހަރެން ބޭނުންވަނީ އަސްމަހާނު އެއަށްވުރެ ގާތްކޮށް ހުންނަން، ބުނެފީމެންނު އަހަރުމެން ދެމީހުން އެކަނި ހުންނައިރު އަސްމާއަށްވުރެ އަހަރެން އިސްކޮށްފައި ވާހަކަނުދައްކާށޭ، އާދައިގެ ދެމަފިރިންހެން އެންމެ އާދައިގެ ބަހުރުވައިން އަހަންނާ ވާހަކަދައްކާލަ ދިނިއްޔާ އަހަރެން މާއުފާވާނެ، ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ހަނދާންކޮށްދޭއިރު ވެސް އަސްމާ އެކަމަށް އަދިވެސް ނުހޭނޭ ދޯ… އެއްގޮތަކުން ރަނގަޅުތާ، އަހަންނަށް ކިހާ ޤަދަރުކުރާކަމާއި ކިހާ ލޯބިވާކަން އެކަމުން އެނގޭ” ތަރަފު އޭނާގެ އަނބިމީހާ އާއި ގާތްވެލަމުން މަޑުމަޑުން ބުނެލިއެވެ.

“ހަނދާންނެތެނިއްޔޭ، އަބަދު އެހެން ވާހަކަދައްކާތީވެ، މިވަގުތު ވެސް އެގޮތަށް ދެއްކެނީ…. އެކަމަކު އެކަން ރަނގަޅު ކުރާނަން އިނގޭ” އަސްމަހާނު ލޯބިވެތިގޮތަކަށް ހިނިތުންވެލިއެވެ.

“އަހަންނަށް އަސްމާ ބުނަންތިއުޅެނީ ކީކޭކަން ވިސްނޭ، އެރޭ ޕާޓީގަ ވެސް އެދެކުދިން އެކުގައި ފެނުނު އިރު ވަރަށް ގުޅޭ، އަހަރެންގެ ހިތް ބުނަނީ މިކަމާ ރަސަލް އާއި ޒަބާ ވެސް ވަރަށް ރުހޭނެއޭ، އަނެއްކާ ރަސަލްގެ ހަޤީޤަތް އެންމެ ރަނގަޅަށް އެނގޭ މީހަކީ އަހަރެން…” ތަރަފު އެއްއަތް ބޯދަށަށްލައްވާލަމުން މިހެން ބުނިއިރު އޭނާ އެކަމާ ވިސްނާ ފިކުރުކުރާކަމުގެ ނިޝާންތައް މޫނުމަތިން ފާޅުވަމުންދިޔައެވެ.

“އެހެންވީރު މިވާހަކަ އަހަރެން ޒަބާ ގާތު ދައްކަންތަ” ހިތްއަވަސްވެފައި އޮތްފަދަ ގޮތަކަށް އަސްމަހާނު އަހާލިއެވެ.

“އިހަށް ޝަދަފުގެ ޚިޔާލު ހުރިގޮތް ބަލާލަންވީނު، އެކުއްޖާ މާލެ އައިތާ ގިނަދުވަހެއް ނުވަނިސް މިފަދަ ކަމެއް އަހަރުމެން ރޭވުމުން އޭނާއަށް ކުރާނޭ އަސަރާއިމެދު ވިސްނާލަންވާނެހެން އަހަންނަށް ހީވަނީ، ފަހަރެއްގައި ޝަދަފު ގޮތެއް ނިންމާފައި ވެސް އޮވެދާނެ، މިބުނީ ރާއްޖޭން ބޭރުގައި އެހާ ދުވަހު އުޅެފައި އައީމަ، ފަހަރެއްގައި އެކޮޅުން ކުއްޖަކާއި ގުޅިގެން ވެސް އުޅެދާނެ، އެހެންވީމާ ޝަދަފުގެ ޚިޔާލު ނުހޯދާ ޒަބާ ގާތު އެއްވެސް ވާހަކައެއް އަދި ދައްކާކަށް އަހަންނަށްކަށް ނުފެނޭ” ތަރަފު އޭނާގެ ޚިޔާލު ހުރިގޮތް އަސްމަހާނަށް ކިޔައިދިނެވެ.

“ނުލާހިކު ރީތި ކުއްޖެއް ރީޝަމްއަކީ، އަނެއްކާ އަހަރުމެންގެ ގުޅުން ވެސް ބަދަހިވެގެން ދާނެ، ހިޔެއްނުވޭ ޝަދަފު އެކަހަލަ ކަމެއް ކުރާހެނެއް، ރީޝަމްއަކީ އޭނާއަށް ފެމީލިއަރ މޫނެއް، އަހަރެންގެ ހިތްބުނަނީ ޝަދަފަށް ރީޝަމް ފެނިފައި ކަމުދިޔައޭ، ރީޝަމްގެ ލަދުވެތިކަމުން އޭނާ އިސްވެ ޝަދަފާއި ގާތްވާން މަސައްކަތްކުރާނެހެން ހިޔެއްނުވޭ، މިކަމުގައި އިސްވެ ހުރިހާ ނިންނުމެއް ނިންމަންވާނީ އަހަރުމެން، މާދަމާ ރީޝަމް މިގެއަށް އެބަ ގެންނަން” އަސްމަހާނު މިހެން ބުނުމުން ތަރަފު ކުޑަކޮށް ބޯތަޅުވާލީ އެކަމާއި އެއްބަސްވާކަމުގެ ރަމްޒެއްގެ ގޮތުންނެވެ.

“އަސްމާ އަބަދު ވެސް ވިސްނާނީ ރަނގަޅަށް… ދެން ހިނގާ ނިދާލަމާ” ތަރަފު ވަރުބަލިގޮތަކަށް އާފުރެލުމާއިއެކު ބޯދަށުގައި އޮތް އަތްނަގައި އެނދުގައި ނިދުމަށްޓަކައި ހަމަޖެހިލިއެވެ. އަސްމަހާނު ހިނިތުންވެލައިގެން އޮވެ ރަޖާގަނޑު ގައިމަތީ ހެޔޮވަރުކޮށްލުމާއިއެކު އެއްފަރާތަކަށް އެނބުރި ދެލޯ މަރާލިއެވެ.

* * * *

އިރާކޮޅު މާގަދައަށް ނިދުނީތީ ދަންވިއިރު ވެސް ޢިޒްވާގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއްނެތެވެ. ފަރުޝާ ދޭތެރެއަކުން ކެއްސާ އަޑު ހުޅުވާފައި ހުރި ކޮޓަރިތެރެއިން އިވެއެވެ. އެހެންނަމަވެސް އޭނާ އޮތީ ނިދާފައިކަން ޢިޒްވާއަށް އެނގެއެވެ. އޭނާ އިނީ ސިޓިން ރޫމުގައި ކާމޭޒުމަތީ ފަހާފޮށި ބަހައްޓާލައިގެން ޔޫލީގެ ހެދުން ފަހާށެވެ. އެކަން ކުރަން އިންނަތާ ގަޑިއެއްގެ އިރުވާން ކައިރިވެފައިވަނިކޮށް ހަށިގަނޑު ދަމާލުމަށް ޢިޒްވާ ތެދުވިއެވެ. އަދި ކަމެއް ހަނދާންވުމާއިއެކު ބަދިގޭ ކަބަޑުސެޓުތަކާއި ދިމާލަށް ދިޔައެވެ. އެތަނުގައި ބަހައްޓާފައި ހުރި ހުސްފުޅިއަށް ފެންއަޅަން ފެށިއެވެ. ފުޅި ފުރާލުމާއިއެކު އޭގެ މަތިޖަހަގެން އައިސް ކޮޓަރިއަށް ވަދެ އެނދު ކައިރީ ބެހެއްޓިއެވެ. އޭރު ފިނިފިނި ވައިރޯޅިތައް ބެލްކަނިން ވަންނަމުން ދިޔައެވެ. ފަރުޝާއަށް ފިނިވަނީއޭ ހިތާ ޢިޒްވާ އައީ ބެލްކަނީގެ ދޮރުލައްޕާލުމަށެވެ. އެހެންނަމަވެސް އޭގެ ކުރިން އޭނާ ބޭރަށް ނުކުމެލަން ބޭނުންވިއެވެ. އެހެންވެ ކުޑަކޮށް ހުޅުވާލާފައި ހުރި ދޮރުން ބެލްކަންޏަށް ނުކުމެލިއެވެ. އެވަގުތު ކުރިމަތީގައި ހީވީ ކަޅުބޮޑު ހިޔަންޏެއް ހުރިހެންނެވެ. ސިހިގެން ދިޔަވަރުން ޢިޒްވާ ފަހަތަށް ޖެހިލުމާއިއެކު ނިކަން ބާރަށް ދޮރުފަތުގައި ޖެހުނެވެ.

އަނދިރިކަމުގެ ތެރެއަށް ލޯހޭނެން މަދުސުކުންތުކޮޅެއް ނެނގިއިރު ޢިޒްވާ ހުރީ ބިރުންގޮސް އަތްފައި ފިނިވެފައެވެ. އެހެންނަމަވެސް ހަޤީޤަތް އެނގުނީ ދެނެވެ. ބެލްކަނީގައި މީހަކު ހުރީކީ ނޫންކަމެވެ. ފެނުނު ބޮޑު ހިޔަންޏަކީ ކުރިމަތީގައި ހުރި ބެލްކަނިން ފެތުރިފައިވާ ފަނޑުއަލީގައި އެތަނުގައި ހުރި މީހާގެ ހިޔަންޏެވެ. މާކައިރިން ފެނުނީމާ ހިޔަނީގެ ބޮޑުކަމުން ސިހުނީއެވެ. ފުންނޭވާއެއް ޢިޒްވާލުމާއިއެކު ހަމަޖެހިލަން މަސައްކަތްކުރަމުން ކުރިއަށް ފިޔަވަޅު އަޅާލިއެވެ. އެހިނދު ކުރިމަތިން ފެންނަން ހުރި ބެލްކަނީގެ ރެއިލިންގައި ދެއަތްއަޅުވާލައިގެން ހުރި ޒުވާނާގެ އަޑު ޢިޒްވާގެ ކަންފަތުގައި ޖެހުނެވެ.

“ހާއި… ނުނިދަންތަ؟” އެޒުވާނާ މިހެން ބުނި އަޑުއިވުމުން ޢިޒްވާއަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބިގެން ދިޔައެވެ.

“އަހަންނަށް މިބުނެވުނީ އަނެއްކާ ގޯސް އެއްޗެކޭތަ….” ވަށައިގެންވި ފަނޑުއަލިކަމުގެ ތެރޭގައި ޢިޒްވާއަށް ބަލަހައްޓައިގެން ހުރި ޝަދަފުގެ އަމިއްލަ ހިތާއި ސުވާލުކުރިއެވެ.

“ކިހިނެއްވީ؟” ޢިޒްވާގެ ފަރާތުން ޖަވާބެއް ނުލިބުމުން ޝަދަފު އަނެއްކާ ވެސް ވާހަކަކުރިއަށް ގެންދެވޭތޯ އުޅުނެވެ.

ޢިޒްވާ ފާޑަކަށް ބަލަން ހުރެފައި އަވަސް އަވަހަށް ބެލްކަނީގެ ދޮރުން އެތެރެއަށް ވަދެ ދޮރުލައްޕާލައިފިއެވެ. އަދި ފަރުދާތަކުގައި އަތްޖައްސާލަމުން ދޮރުހުރީ ނިވާވެފައި ތޯ ޔަޤީންކޮށްލިއެވެ. އޭރު ވެސް އޭނާގެ މޫނުމަތިން ފެންނަމުން ދިޔަ ހައިރާންކަން ނުފިލާވެއެވެ.

“ކާކުތަ އެއީ، ކީއްކުރަން އަހަންނާ ވާހަކަދައްކަނީ… ނޫނީ އޭނާ ކަމެއް ބޭނުންވީބާ، ނޫން! އެހެންވާނީ ކިހިނެއް، ސަމަރްބުނި އެގޭގައި އުޅެނީ މާލޭގެ ބޭފުޅިޒަމް ޢާއިލާއެކޭ، އެމީހުން އަހަރުމެން ކަހަލަ މީހުންނާ ވާހަކަދައްކަން ބޭނުންވާނެތަ” ހިތަށްއެރި އެއްޗިއްސާއިއެކު މޫނުމައްޗަށް ފާޑެއްގެ ވައްތަރެއް ޖައްސާލަމުން ޢިޒްވާ ހިނގައިގަތީ އޭނާ ކުރިން ވެސް ކުރަން އިން މަސައްކަތް ކުރުމަށެވެ. އޭނާ ކޮޓަރިން ނުކުންނަމުން ފަރުޝާގެ ގައިމަތީ އަޅާލާފައި އޮތް ރަޖާގަނޑު ރަނގަޅުކޮށްލަދިނެވެ.

“އަހަރެން މޮޔަވީތަ… ތަނަކުން އަންހެން ކުއްޖެއް ފެންނައިރަށް ވާހަކަދައްކަންޏާ ވާނީ މިހެން” ބެލްކަނީގައި މަޑުކޮށްލައިގެން ހުރި ޝަދަފަށް، ޢިޒްވާ ގޭތެރެއަށް ވަދެގެން ދިޔަތަން ފެނުމުން، އަމިއްލަ މީހާއަށް ބުނެލިއެވެ. އަދި ބޮލުގައި އަތްހާކާލީ އަތްފުނާއަޅާލާފަދަ ގޮތަކަށެވެ. ޝަދަފުގެ ސިކުނޑީގައި އެނބުރެންފެށި އެކިއެކި ސުވާލުތަކުން އޭނާގެ ބޯހާސްވިއެވެ. ދެފަރާތަށް ބޯހޫރާލާފައި އައިސް ބެލްކަނީގައި ހުރި ގޮނޑީގައި އިށިންއިރު އޭގެ ތެރެއަށް އޭނާ ވެއްޓިގަން ކަހަލައެވެ. ކައިރީގައި ދެންހުރި ގޮނޑިއަށް ދެފައި އަރުވާލުމާއިއެކު ކަނދުރާ ފަހަތަށްވާގޮތަށް ވާގިދޫކޮށްލައިގެން އޮވެ އުޑުމައްޗަށް ބަލަންފެށިއެވެ.

ފަހާފޮށި ދޮށުގައި ފަހަން އިން ޢިޒްވާ ކުއްލިއަކަށް ތެދުވީ ކަމެއް ހަނދާންވެގެން ތެދުވިފަދަ ގޮތަކަށެވެ. އޭނާގެ މޫނުމަތިން ހާސްކަން ފެނުމާއިއެކު ހަލުވިކޮށް ހިނގާލާފައި އައިސް ކޮޓަރިއަށްވަނެވެ. ޢިޒްވާ ވަގުތުން އަލަމާރީގެ ދޮރުފަތް ދެފަރާތަށް ހުޅުވާލުމާއިއެކު ފޮރުވާފައި އޮތް ފޯނު ފޮށިގަނޑު ނެގިއެވެ.

“މީ އޭނާ ކުރިކަމެއްބާ، އޮޅިގެން މިބަޔަކަށް ވެއްޓުނީކަމަށް ވެސް ވެދާނެ، މި ބޭނުންވެގެން ކަންނޭނގެ އޭރު ވާހަކަދައްކަން އެމަސައްކަތްކުރީ، އެކަމަކު… އެހެންނަމަ ސީދާ ބުނަންވީނު މިބެލްކަންޏަށް ވެއްޓުނު ފޮށިގަނޑު ކޮބާހޭ، އަހަރެން ނުނިދާތޯއެއް ނޫނެންނު ބަލަންވީ، ކިހިނެއްބާ ދެން ހަދާނީ، އަހާލުން ރަނގަޅު ކަންނޭނގެ…. ހާދަ ލަސް ވެސް ވެއްޖެޔޭ” ކަންބޮޑުވެފައި ހުރިގޮތަކަށް ޢިޒްވާ ރީތިވާ މޭޒުމަތީ ހުރި ގަޑިއަށް ބަލާލިއެވެ. ފުންނޭވާއެއް ދޫކޮށްލާފައި އޭނާ މަޑުމަޑުން އައިސް ބެލަކަންޏަށް ނުކުމެވެން ހުރި ދޮރުކައިރީ މަޑުކޮށްލިއެވެ. އަދި ދަމާފައި ހުރި ފަރުދާގެ ދޭތެރެއަކުން ކުރިމަތިން ފެންނަން އޮތް ބެލްކަންޏަށް ބަލާލީ ސިއްރުގޮތަކަށެވެ.

“ދިޔައީތަ…” މީހަކު ފެންނަން ނެތުމުން ޢިޒްވާއަށް މަޑުމަޑުން ބުނެލެވުނެވެ. ހުރިފިޔަވަޅުމަތީ ޢިޒްވާއަށް ކުޑަކުޑައިރުކޮޅަކު މަޑުކޮށްލެވުނީ އެޒުވާނާ އާއިމެދު ވިސްނާލުމުގައެވެ. އަދި އެނބުރިއައިސް އަލަމާރިއަށް އަތުގައި އޮތް ފޮށިގަނޑު ލިއެވެ.

* * * *

ވަރުބަލިކަމާއި ނިދީގެ އަސަރު ނުފިލާ އޮތް ޝަދަފު ފުރޮޅިލުމާއިއެކު ކުޑަކުޑަކޮށް ލޯހުޅުވާލިއެވެ. ހަމައެހިނދު ބައްދާލައިގެން އޮތް ބާލީހާއިއެކު ފުންމައިގެން އެނދުން ފައިބައިފިއެވެ. ލައިގެން ހުރި ކުޑަ ސޯޓުކޮޅާއިއެކު އެނދުމައްޗަށް ބާލީސް ދޫކޮށްލާފައި ވަގުތުން ބެލްކަންޏަށް އޭނާ ނުކުމެ ޢިޒްވާގެ އެޕާޓްމެންޓާއި ދިމާލަށް ބަލަންފެށިއެވެ. ބެލްކަނީގައި އިޒްވާ ފެންދޭ މާގަސްތަކަށް ޝަދަފު ބަލާލިއިރު އެމާތަކުގެ ފިޔައިގައި ފެންތިކިތައް ވިދަމުން ދިޔަ މަންޒަރު ފެނުމުން އެގަސްތަކަށް ފެންދީފައިކަން އެހެރީ އެނގުނެވެ. ދެން އަވަހަށް ޝަދަފަށް ބަލާލެވުނީ ބެލްކަނިން ތިރި ގޯޅިތެރެއަށެވެ. އާދައިގެ މަތިން މުންސިރު އާއި އޭނާގެ ރަޙުމަތްތެރިން ތިރީގައި ގުރޫޕު ހަދާލައިގެން ތިއްބެވެ. އެވަގުތު ކުއްލިއަކަށް ހުޅުވާފައި ހުރި ބެލްކަނީގެ ދޮރުން ޝަދަފުގެ ކަންފަތަށް ބީރައްޓެހިނޫން އަޑެއް އިވިގެން ދިޔައެވެ. އެހިނދު ޝަދަފުގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ. އޭނާއަށް އެއިވުނީ ޢިޒްވާ އޭނާގެ މަންމަ އާއި ވާހަކަދައްކާ އަޑުކަން ޝަދަފަށް ޔަޤީންވުމާއިއެކު ދުވެފައި ކޮޓަރިތެރެއަށް ވަނެވެ. އަދި ލައިގެން ހުރި ކުރު ސޯޓުކޮޅު މަތިން ރޭގައި އޭނާ ލައިގެން އުޅުނު ޖިންސާއި ޓީޝާޓު ގަޔަށް ހެޔޮވަރުކޮށްލުމާއިއެކު ލޯގަނޑަށް އަވަސް ނަޒަރެއް ދެމުން ހޭވިފައި ހުރި އިސްތަށިގަނޑު ރީތި ކޮށްލުމަށް ދެއަތުން އަތްފުނާ އަޅާލިއެވެ. ޝަދަފު ކޮޓަރިން ނުކުމެ ނުކުމެ އޮއްވާ ފޯނު ރިންގުވާންފެށިއެވެ. އެހެންވެ އެނބުރި އައިސް ސައިޑް ޑޭބަލް މަތީގައި ބާއްވާފައި އޮތް ފޯނު ބަލާލިއެވެ.

“މޯނިންގ…” ނިދީގެ އަސަރުތައް ނުފިލާ ހުރި އަޑަކުން ޝަދަފު ބުނެލިއެވެ.

“މޯނިންގ، ކޮބާ ހޭލާތަ، ޖިމްއަށް ދާންކަމަށް މިގުޅީ” ފޯނުގެ އަނެއްކޮޅުން ނަވާލުގެ އަޑު އައެވެ.

“ޔެސް، ހޭލާ މިއުޅެނީ، އާދޭ، އަހަރެން ރެޑީ” ޝަދަފު މިހެން ބުނުމާއިއެކު ނަވާލު ވެސް ކޯލު ދިގުކުރާކަށް މަސައްކަތެއް ނުކުރެއެވެ. އޭނާ މިއަންނަނީ ކަމުގައި ބުނެ ފޯނުކޯލު ކަނޑާލުމުން ޝަދަފު އައިސް އަލަމާރި ހުޅުވާލިއެވެ. އޭނާ ޖިމްއަށް ދިއުމަށް ލާފަދަ ޓްރެކްސޫޓަކާއި ޓީޝާޓެއް ނެގިއެވެ. ހަރަކާތް އަވަސްކޮށްލާފައި ހުރި ގޮތުން ހީވަނީ އޭނާ ތަނަކަށް ދާން ލަސްވެގެން އުޅޭހެންނެވެ. ފާޚާނާއަށް ވަދެފައި ފަސްމިނެޓު ނުވެ އޭނާ ނުކުތެވެ. އަދި ތައްޔާރުވަމުން ދިޔައިރު ދޭތެރެއަކުން އައިސް ބެލްކަނިން ބޭރު ބަލައެވެ.

“އޭތް، ބްރޯ… އާދެބަލަ… ތިގޮލާ ޖިމްއަށް ދަންތަ” މުންސިރުގެ ލޮލުގައި ގެއިން ނުކުން ޝަދަފު އަޅައިގަތުމުން ވަގުތުން ގޮވާލިއެވެ. އެއާއިއެކު ވަރަށް ހަމަޖެހިލައިގެން ހުރެ ޝަދަފު އައިސް އެގުރޫޕުގެ ތެރޭގައި މަޑުކޮށްލިއެވެ. ނަމަވެސް އޭނާގެ ލޯ ހޯދަމުން ދިޔައީ މުޅިން އެހެން މީހެކެވެ.

“ޖިމްއަށް ދާންކަމަށް މިނުކުތީ” ޝަދަފު، މުންސިރަށް ބަލާލުމެއްނެތި ބުނެލިއެވެ.

މުންސިރު ގުރޫޕުގައި ތިބި ކުދިންނަށް ޝަދަފު ތަޢާރަފުކޮށްދިނެވެ. އޭނާގެ ވަރަށް ގާތް ރަޙުމަތްތެރިއެއްގެ ގޮތުގައެވެ. އެހެންނަމަވެސް ހަޤީޤަތަކީ މިހާރު މުންސިރާއި ޝަދަފަކީ ވަރަށް ތަފާތު ދެމީހުންކަމެވެ. މިޒާޖާއި އުޅުމަށް ބެލިނަމަވެސް އެވެ. ދެމީހުންގެ ޢާއިލާއަށް ބެލިކަމުގަވިޔަސް އެވެ. ޝަދަފްއަށް މުންސިރުގެ ޢަމަލުތަކާއި އޭނާގެ ވާހަކަދެއްކުން ހުންނަގޮތް ކަމަކު ނުދެއެވެ. އެހެންނަމަވެސް އެމީހުންގެ ތެރެއަށް ވަނުމުގެ އެއްވެސް ޝައުގުވެރިކަމެއް އޭނާގެ ނެތެވެ. ހިތާއި ސިކުނޑީގައިވަނީ މުޅިން އެހެން ޚިޔާލެކެވެ. ސިއްރުވެފައި އޮތް ރޭވުމެކެވެ.

އަތްދަބަހުގައި ބާރަށް ހިފާއްޓާލައިގެން ހުރެ ޢިޒްވާ އެޕާޓްމެންޓުގެ އިމާރާތުން ގޯޅިއަށް ނުކުތެވެ. އެއާއިއެކު މުންސިރުމެންގެ ގުރޫޕު ތެރެއިން ކުއްޖަކު ތުނބުންފުމެލި އަޑުއިވުނެވެ. ޢިޒްވާ ދެބުމަގޮށްޖަހާލަމުން ލޯއަޅާލާފައި އެމީހުންނަށް ބަލާލުމާއިއެކު ލިބުނު ހައިރާންކަމުން އޭނާގެ މޫނު ހުދުވެގެން ދިޔަ ކަހަލައެވެ. އަވަސް އަވަހަށް އެނބުރި އެގޯޅީތެރެއިން ނުކުންނަން ހިނގައިގަތް ވަގުތު ޝަދަފު ވާހަކަދެއްކި އަޑުއިވުނެވެ.

“އެހާ ނައިސް ކުއްޖަކާ ބެހޭކަށްނުވާނެ” ޝަދަފު، ޢިޒްވާއަށް ބަލާލުމާއިއެކު މިހެން ބުނަމުން ދެން ބަލާލީ ކައިރީގައި ހުރި މުންސިރަށެވެ. ޝަދަފުގެ ފަރާތުން މިފަދަ ޢަމަލެއް ފެނުމުން މުންސިރަށް ހީވީ އޭނާ ވެސް އެމީހުނާއި ބައިވެރިވަނީކަމުގައެވެ. އެންމެން އެއްފަހަރާ ބާރު ބާރަށް ހޭންފެށިއެވެ. އެކަމަކު ޝަދަފުގެ ތުންފަތަށްވަނީ އާދަޔާއި ޚިޔާލު ހިނިތުންވުމެއް ވެރިވެފައެވެ. ދެން ފެނުނީ އެމީހުންގެ ތެރެއިން ކުއްޖަކު ޢިޒްވާގެ ފަހަތުން ދިއުމަށް ހިނގައިގަންތަނެވެ. އެއާއިއެކު ކުރިއަށް ނުކުން ޝަދަފު ކުއްލިއަކަށް އެޒުވާނާގެ އަތުގައި ހިފިއެވެ. އެންމެންގެ ހުނުން މަޑުވެ ޝަދަފަށް ނަޒަރު ހުއްޓިގެން ދިޔައެވެ. ހަލުވި ސްޕީޑެއްގައި ޝަދަފުގެ ސިކުނޑި މަސައްކަތްކޮށްލީ އޭނާގެ އެހަރަކާތުން ނުކުމެދާނެ ނަތިޖާ ގޯސްވިޔަ ނުދީ ހަމަޖައްސާލުމަށެވެ.

“އެއީ އަހަރެންގެ ކަމެއް، އަހަންނަށް އެކަން ދޫކޮށްލަންވީނު….” ޝަދަފު ގުރޫޕުގައި ތިބި ވަކިވަކި ޒުވާނުންނާއި ހަތަރުކަޅި ހަމަކޮށްލަމުން ކަހަލަ ގޮތަކަށް ބުނެލިއެވެ. އެހިނދު މުންސިރު ކުރިއަށް ނުކުމެ ޝަދަފުގެ ކޮނޑުގައި އަތްޖަހާލިއެވެ.

“އައިތާ ގިނަ ދުވަހެއް ނުވެ ގޭދޮށު މަލަކުން ފޮނިބޯލާ ހިތްވީ ދޯ، ގަދަ އިނގޭ” މުންސިރު ހިނިއައިސްފައި ހުރެ މިހެން ބުނުމުން އެއަށް އެއްވެސް ޖަވާބެއް ޝަދަފު ނުދިނެވެ.

“އެކަމަކު އެއީ އަހަރުމެންގެ މަންޖެގަނޑެއް” ޢިޒްވާގެ ފަހަތުން ދާން އުޅުނު ޒުވާނާ ބުންޏެވެ. ދެން ވެސް ޝަދަފު ބަލާލީ މުންސިރަށެވެ. އޭނާގެ އެބަލާލުމުން ޝަދަފު އެހެރީ ގޮތްދޫކުރާ ކަހަލަ ގޮތަކަށް ނޫންކަން މުންސިރަށް ވިސްނުނެވެ. ހަމަނުޖެހުމެއް އެދެމީހުންގެ މެދުގައި އުފެދޭކަށް މުންސިރު ނޭދެއެވެ. އެހެންވެ ޝަދަފުގެ އަތް އޭނާ ހިފާއްޓައިގެން ހުރި ޒުވާނާގެ މުލައްދަނޑި އާއި ދުރުކޮށްލުމާއިއެކު ބޯޖަހާލިއެވެ.

“ޝަދަފު ތިހާ ބޭނުންވަންޏާ ދީފިން، އެކަމަކު ބުނަން، އެއީ ވަރަށް ބަސްއަހާ މަންޖެއެއް، އަޅެ ލޯތްބެއް ނޫންތަ، އަދި މާގިނަދުވަހެއް ނުވޭ މިގޯޅިތެރެއަށް އައިސްގެން އުޅޭތާ، ސެޓުވެދާނެހެން ހީވޭ، ނިމުނީމާ މަށަށް ވެސް ދެއްޗޭ، ނިކަން ރަހަ މީރުވާނޭހެން ހީވޭ” މުންސިރު ސަމާސާ ރާގެއްލާފައި ބުންޏެވެ.

ޝަދަފު މުންސިރަށް ތަފާތު މާނައެއްނެގިދާނޭ ފަދަ ގޮތަކަށް ހީނލުމާއިއެކު ދުވެލާފައި އައިސް ގޯޅިން ނުކުންނަން ދިޔަ ޢިޒްވާ އާއި އަރާ ހަމަކުރިއެވެ. އޭނާ ހިނިއައިސްފައި ހުއްޓެއްކަމަކު ޢިޒްވާ އާއި ވާހަކަދައްކަން މަސައްކަތެއް ނުކުރިއެވެ. އެއްވަރަކަށް އެކުގައި ހިނގާފައި އަންނާތީ އެކަމުން ޢިޒްވާއަށް އުނދަގޫވާހެން އޭނާގެ މޫނުމަތިން ފާޅުވެގެން ދިޔައެވެ. ނަމަވެސް އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ނުނީ ކުރިއަށް ވެސް ޝަދަފު ޖެހިނުލިއެވެ.

“މީ ކިހިނެއްވެގެން އުޅޭ މީހެއްތަ، އަދަބު އަޙުލާގުގެ ކަންފުޅެއް ވެސް ނެތީކަންނޭނގެ، ކުރިން ފެނިފައި ހީވީ ވަރަށް ކިޔަވައިގެންހުރި ރަނގަޅު ޒުވާނެއްކަމަށް، އެކަމަކު މިއަދު މިފެނުނީ މީނާގެ ހަޤީޤަތް ވެސް، އެގުރޫޕުމީހުނާއިއެކުވެގެން އަހަންނަށް އުނދަގޫކުރަން އޭނާ ވެސް ބޭނުންވަނީ، އެހެންނޫނީ ކީއްކުރަން މިގޮތަށް ފަހަތުން އަންނަންވީކީ… ނަސީބެއްކަންނޭނގެ މަންމަ މަތީގައި ބަލަން ނުހުންނަކަން، އެހެންނޫނީ މަންމަ ހާސްވެކަންބޮޑުވުމުގެ ސަބަބުން ކޮންމެފަދަ ގޮތެއް ވެސް ވެދާނެ، ބައްޕަ ހުރި ނަމަ މިއަދު އަހަންނަށް ރައްކާތެރިވާނޭ ފިރިހެނަކު ހުރީސްކަން ޔަޤީން، އޭރުން އަހަންނަށް މިކަހަލަ ކުދިކުދި ގޯނާ ކުރާކަށް މިމީހުންނަކަށް ނުކެރުނީސް…” ތުންފަތުގައި މަޑުމަޑުން ދަތްއަޅާލެވެމުން ދިޔަ ޢިޒްވާގެ އަމިއްލަ ޟަމީރާ އޭނާ ވާހަކަދައްކަމުން ދިޔައެވެ.

މައިމަގަށް ނުކުމެވުމާއިއެކު ޢިޒްވާ އޭނާގެ އޮފީހާއި ދިމާލަށް މިސްރާބުޖެހިއެވެ. މަގުގެ ކަންމަތީގައި ޝަދަފު މަޑުކޮށްލިގޮތަށް ޢިޒްވާއަށް ބަލަހައްޓައިގެން ހުރީއެވެ. ކޮންމެ ވެސް ކަމަކަށް ބޭނުންވެފައި ހުރި ފަދަ ގޮތަކަށެވެ. ކުރިއަށް ހިނގަމުން ދިޔަ ޢިޒްވާ ކުޑަކޮށް މަޑުކޮށްލަމުން ފަސް އެނބުރި ބަލާލީ ޝަދަފު ކޮބާތޯއެވެ. އެއާއިއެކު މަގުގެ ކަންމަތީގައި މަޑުކޮށްލައިގެން ހުރި ޝަދަފު ހިނިތުންވެލިއެވެ. ހީވީ އޭނާ އެހުންނަނީ ޢިޒްވާ އެނބުރި ބަލައިނުލައިގެން ހެންނެވެ. ޢިޒްވާއަށް އެކަން ކޮންމެވެސް ވަރަކަށް ފާހަގަވުމާއިއެކު އަވަސް އަވަހަށް ނުބަލާކަމަށް ހެދިއެވެ. އެހަރަކާތުން ވެސް ޝަދަފު ވަކިން ބޮޑަށް ހިނިތުންވެލިއެވެ. އެއްފަރާތަށް ޖެހިލުމާއިއެކު ކަންމަތީގައި ހުރި އިމާރާތުގެ ފާރުގައި ލެނގިލަމުން ޝަދަފު އޭނާގެ ފޯނަށް ބަލާލިއެވެ.

ޝަދަފު ފޯނު ބަލާލީ ގަޑިން ވީއިރެއް ބަލާލުމަށެވެ. ނަވާލު ގުޅިތާ އަދި މާގިނައިރެއް ނުވޭވިއްޔާއެވެ. އެކަމަކު އޭނާ އެހާ އަވަސް އަރުވާލާފައި އައި ބޭނުން ޔަޤީނުން ވެސް ފުދިއްޖެއެވެ. އޭނާ ހަޤީޤަތުގައި ބޭނުންވީ ޢިޒްވާއަށް ރައްކާތެރިކަން އޭނާގެ ފަރާތުން ހޯދާދިނުމެވެ. އެކަން ހާސިލުވެއްޖެޔޭ އޭނާގެ ހިތްބުންޏެވެ. ހިތަށް ބުނެދޭންނޭނގޭ ހިތްހަމަޖެހުމެއް ވެސް އެކަމުން ލިބިއްޖެއެވެ. ޝަދަފަށް އޭނާގެ ޚިޔާލުތަކާއި ދުރުވެވުނީ ކާރެއްގެ ބަރުގޮނުގެއަޑުންނެވެ. ބަލާލިއިރު ކާރުގެ ދޮރުފަތުން ބޭރަށް ބޯދިއްކޮށްލައިގެން ނަވާލު އިނެވެ. އަތުން ހަނާ އަޅާލުމާއިއެކު ޝަދަފު ގޮސް އެކާރަށް އެރިއެވެ.

* * * *

ހެނދުނު ސައިބޯން ސަމަރް އާއިއެކު ޢިޒްވާ ދިޔައިރު އޭނާ މިއަދު އެއްވެސް ވާހަކައެއް ނުދައްކާކަން ސަމަރްއަށް ފާހަގަކުރެވުނެވެ. އަދި ސަމަރް ދައްކަމުން ދިޔަ ވާހަކައަށް ވެސް ޢިޒްވާގެ ސަމާލުކަން ނުދޭކަން އެނގި ޢިޒްވާގެ އަތުގައި ހިފާގާތްކޮށްލަމުން ތަންކޮޅެއް ބާރަށް ޢިޒްވާގެ ނަމުން ގޮވާލިއެވެ.

“އާން! ކީކޭ… ހާދަބާރަކަށް ތިގޮވާލީ، ކިހިނެއްވީތަ” ޢިޒްވާ ކުއްލިއަކަށް ސިހިގެންދިޔަ ފަދަގޮތަކަށް މިހެންބުނެ ވަށައިގެން ހޯދާލިއެވެ.

“ބާރަކަށްނު ބުނާނީ، މިއަދު އޮފީހަށް އައިސްސުރެން އިޒޫ ތިއުޅެނީ މުޅިން އެހެން ދުނިޔެއެއްގައި، ނިކަން އަހަރެންގޮވައިގެން ގޮސްއުޅޭނަމައެންނު ވާނުވާ އަހަންނަށް ވެސް އެނގޭނީ” އޮފީސް ކައިރީ ހުރި ކެފޭއަށް އިޒްވާއާއިއެކު ވަން ސަމަރު ބުނެލިއެވެ.

“އަހަރެން އެބަ ދުނިޔެއެއްގައި އުޅެންތަ” ޢިޒްވާ އޮޅުވާލަން މަސައްކަތްކުރިއެވެ.

“ޢިޒްވާގެ މަސްގަނޑު ހުރީ އަހަންނާއިއެކު އެކަމަކު ޚިޔާލުތައްވަނީ މާދުރުގަ، އެހެނެއްނޫންތަ، އަހަރެން އާދޭސްކޮށް އުނދަގޫކުރީމަތަ ތިވެގެން އުޅޭގޮތެއް ކިޔައިދޭނީ” ސަމަރް މިހެންބުނެ ތުންކޮޅު ނެރިލިއެވެ.

“މާބޮޑުކަމެއްނުވޭ” ޢިޒްވާ ބުނެލިއެވެ. އެވަރުން ސަމަރު ހިތްހަމައެއްނުޖެހުނެވެ.

ސައިބޮއިގެން ކެފޭއިން ދެރަޙުމަތްތެރިން ނުކުންއިރު ޢިޒްވާގެ ސިކުނޑީގައިވާ އެއްޗެއް ސަމަރަށް އެނގުނެވެ. ހެނދުނު ދިމާވިކަންތައް ޢިޒްވާ، ސަމަރްއަށް ވަނީ ކިޔައިދީފައެވެ.

“އޭނާ ވެސް އެގޭންގަށް ވަނީތަ، އެކަމަކު ހާދަ ޤަބޫލުނުކުރެވެޔޭ، ހީޒް ސޯ ހެންޑްސަމް، ގިނަގިނައިން ތިގެއަށް ދާހިތް ވެސް ވެއްޖެ، ތިބުނީ އޭނާ ވަރަށް ގިނައިން ހުރެޔޭ ބެލްކަންޏަށް ނުކުމެ، ވާހަކަ ވެސް ދައްކައިފިޔޭ، އިޒޫ ވާހަކަ ނުދައްކަންޏާ އަހަރެން އޭނާ އާއި ވާހަކަދައްކަފާނަން، އެގޮތް އެންމެ ރަނގަޅެންނު، ވެދާނެ އޭނާ އިޒޫ އާއި ފްރެންޑުވާން ބޭނުންވަނީ ކަމަށް… އަޅެ ކީއްވެތަ ވާހަކަނުދެއްކީ” ސަމަރު އޮޅިއޮޅިފައި ޢިޒްވާމެންގޭ ބެލަކަނިން ފެނުނު ޒުވާނާގެ މަތިން ހަނދާންކުރަމުން ބުނެލިއެވެ.

“ތަނަކުން މީހަކު ފެންނައިރަށް ވާހަކަދައްކަން ޖެހޭތަ…” ޢިޒްވާގެ ޚިޔާލު ތަފާތެވެ.

ސަމަރު އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ. އޭނާއަށް މާކުރިން ވެސް ޢިޒްވާ ބުނާނީ އެހެންކަން އެނގޭ ކަހަލައެވެ. އެވަރުން ވެސް ސަމަރު ދައްކަމުން ދިޔައީ އެޒުވާނާގެ ވާހަކައެކެވެ. ދެއެކުވެރިންވަކިވީ އޮފީހަށް އައިސް ވަނުމުންނެވެ. ދެމީހުން މަސައްކަތްކުރާ މޭޒުގެ ދޮށަށް ގޮސް އިށީނުމުންނެވެ.

* * * *

ކަސްރަތުކުރުމަށް ނަވާލާއިއެކު ޖިމްއަށް ދިޔަ ޝަދަފު އައިސް ގެއަށް ވަންއިރު ބަދިގެ ފަރާތުގައި އަސްމަހާނު އާއިއެކު ސައިބޯން އިން ރީޝަމް ލޮލުގައި އަޅައިގަތެވެ. މިހާ ހެނދުނާ ރީޝަމް އެގޭގައި ކީއްކުރަނީބާއޭ  ޝަދަފުގެ ހިތަށް އެރިއެވެ. ކުރިމަތިން ފެންނަން ހުރި ސިޑިން އަރައިގެން ދިއުމުގެ ބަދަލުގައި އޭނާ ވަނީ ބަދިގެއަށެވެ.

“ސައިބޯންވީ ދޯ، ކޮންތާކަށް ގޮސްލާފައި ތިއައީ” އަސްމަހާނަށް އެމީހުންގެ ގާތަށް އައި ޝަދަފު ފެނުމާއިއެކު ބުނެލިއެވެ. އެހިނދު ރީޝަމް ކުޑަކޮށް އެނބުރިލަމުން އަސްމަހާނު ވާހަކަދެއްކީ ކާކާތޯ ބަލާލިއެވެ.

“ފްރެޝްވެލައިގެން އައިސް ސައިބޯނީ، މިއައީ ނަވާ އާއިއެކު ޖިމްއަށް ގޮސްފައި” ޝަދަފު މިހެން ބުނެ ކައިރިވީ އައިސް އަލަމާރިއާއިއެވެ. އޭގައި ހުރި ޖޫސްޕެކަޓަކުން އެތިފޮދެއް ތައްޓަކަށް އަޅާލުމާއިއެކު އޭނާގެ މަންމަމެން ފެންނަ ހިސާބުގައި މަޑުކޮށްލިއެވެ.

“ރީޝް، ހާދަ ހެނދުނަކާ، މިއަދު ޚާއްޞަކަމެއް އޮތީތަ” ޝަދަފާއި ހަތަރުކަޅި ހަމަކުރަން ޖެހިލުންވެފައި އިން ރީޝަމްއަށް ބަލާލާފައި ޝަދަފު ބުނެލިއެވެ.

“ރީޝް އެއައީ މަންމަ ބުނެގެން…” އަސްމަހާނު އަވަހަށް ބުނެލިއެވެ.

“ބައްޕަ ބުނުއްވި މެންދުރުފަހު ޑިފީ ބަލާ ދުރުވާނެވާހަކަ، ހުރިހާ އެންމެން އެކުގައި ތަނަކަށް ދާން އުޅޭހެން ހީވަނީ” އެއްޗެއް ނުބުނެ އިރުކޮޅަކު އިނދެފައި ރީޝަމް ބުނެލިއެވެ. އޭނާގެ ހާވާލެވިފައި އޮތް ބުޅި އިސްތަށިގަނޑުގެ ތެރެއިން އެދޮންމޫނު ފެންނަލެއް ނުހަނު ހިތްގައިމެވެ. ލާފައި ހުރި ހިމަޖިންސުގައި އޭނާގެ ދެފައިގެ ހިމަކަމާއި ދިގުކަން ވަކިން ބޮޑަށް ފާޅުވެއެވެ. މޫނުމަތީގައި ލަދުވެތިކަމުގެ މަޑުމަޑުރަތްކުލައެއް ފެންނަން ހުއްޓެވެ.

“އާން! އެއީތެދެކޭ، ހަނދާން ވެސް ނެތިފައި މިއިނީ، ޝަދަފު، ދަރިފުޅު މިއަދު ތަނަކަށް ނުގޮސް ގޭގައި މަޑުކޮށްލަންވީނު، ރަސަލްމެންގެ ޢާއިލާ އާއިއެކު ބޭރަށްދާން ހަމަޖެހިފައި އޮތީ، މިއީ ދަރިފުޅަށް ޚާއްޞަކޮށްގެން ރަސަލް ބާއްވާ އިވެންޓެއް އެހެންވީމާ ކޮންމެހެން ވެސް ދަރިފުޅު ދާންވާނެ، ދެން ބުނަން، ރީޝް މިއަދު އެކީގައިހެން އުޅޭނީ މިޢާއިލާ އާއިއެކު، ކިހާ ދުވަހެއްފަހުން ތިޔައިގެ ދެކުދިން ތިބައްދަލުވީ، ހުންނާނެއެންނު ދައްކާނެ ވާހަކަ ވެސް، ރީޝް ފޫހިވިޔަ ނުދީ އޭނާ ގޮވައިގެން އުޅުމުގެ ޒިންމާ މަންމަ މިހަވާލުކުރީ ދަރިފުޅާ، ދެން ދޭ އަވަހަށް ފެންވަރާލައިގެން އަންނަން” އަސްމަހާނު މިހެން ބުނުމުން ޝަދަފު ހިނިތުންވެލަމުން ބޯޖަހާލިއެވެ. އަދި އޭނާ ވަރަށް ރަނގަޅަށް ރީޝަމްއަށް ބަލާލިއެވެ.

“ޝަދަފު، ޖިމް ސާމާނު ގޭގައި އެބަހުއްޓެންނު، ދެން ކީއްވެ ދަރިފުޅު ބޭރުތަނަކަށް ތިދަނީ” ކުއްލިއަކަށް ކަމެއް ހަނދާންވެގެން އަހާލާ ފަދަ ގޮތަކަށް އަސްމަހާނު އަހާލިއެވެ. އޭރު ޝަދަފު އޭނާގެ ކޮޓަރިއަށް ދިއުމަށްޓަކައި ހިނގައިގަތީއެވެ.

“މަންމާ، މިގޮތް މާ ހިތްހަމަޖެހޭ، ވަރަށް މަޖާ… އައި އެމް އިންޖޯއީންގ އިޓް” ޝަދަފު ހުއްޓިލާފައި ބުނިއެއްޗަކުން އިތުރަށް އަސްމަހާނު ވާހަކަދައްކާކަށް ބޭނުމެއްނުވިއެވެ. އޭނާ ޝަދަފު ސިޑިން އަރައިގެން މައްޗަށް ދިޔަ ދިމާލަށް ނަޒަރު ހުއްޓާލައިގެން އިނީއެވެ.

ކޮޓަރިއަށް ވަދެވުމާއިއެކު ބެލްކަންޏަށް ނުކުމެވެން ހުރި ދޮރު ނުލައްޕާކަން ދެވުނީ ޝަދަފަށް އެނގުނީ ދެނެވެ. އަވަސް އަވަހަށް ބެލްކަންޏަށް ނުކުމެ ނަޒަރު ހިންގާލިއެވެ. ޢިޒްވާމެންގެ އެޕާޓްމެންޓު ނޫނީ އެބަޔާއި އެހާ ކައިރީގައި އިތުރު އިމާރާތެއްނެތެވެ. އެތެރެއަށް ވަދެ ބެލްކަނީގެ ދޮރު ލައްޕާލުމާއިއެކު ޝަދަފު ވަނީ ފާޚާނާއަށެވެ. ހަށިގަނޑަށް އަރާމުކޮށްލުމުގެ ގޮތުން ކުޑަކޮށް ހޫނުކޮށް ހުރި ފެނުން ފެންވަރަން ފެށިއެވެ.

“ރީޝް ހާދަ ބަދަލުވެފައޭ އެހުރީ… އެރޭ ޕާޓީއިން ދިމާވުމުން ފެނުނުގޮތާއި މިހާރު ހުރި ގޮތާއި ޓޯޓަލީ ޑިފަރެންޓް، އަގްލީ ޑަކްލިންގ ބިއުޓިފުލް ސްވޯންއަކަށް ބަދަލުވީތާ، ހެ ހެ ހެ…” ފެންވަރަން ހުރި ޝަދަފު ލުއިގޮތަށް ހީނލިއެވެ.

ހެނދުނުގެ ނާސްތާ މޭޒުމަތީގައި އެތުރިގޮތަށް ނުނަގާ ހުއްޓެވެ. އަށްމީހުންނަށް އިށީނދެވޭނޭ ގޮތަށް ހަދާފައި ހުރި ކާމޭޒުގެ ކޮޅުގައި އިން ގޮނޑީގައި ޝަދަފު އައިސް އިށީނުމާއިއެކު އޭނާ ބޯނީ ކޯއްޗެއްތޯ ޝެލީން އަހާލިއެވެ. އެހިނދު ވިސްނާލާފައި ޝަދަފު އެދުނީ އޭނާއަށް ކޮފީއެއް ގެނެސްދިނުމަށެވެ. އަދި މޭޒުމަތީ މަތިޖަހާފައި ހުރި ތަށީގެތެރެއިން ޓޯސްޓްކޮށްފައި ހުރި ޕާންފޮއްޗެއް ނަގާ ކާންތައްޔާރުކޮށްލިއެވެ.

“ހާއި…” މަޑުމަޑުން އަންހެން ކުއްޖަކު ބުނެލިއަޑުއިވުނެވެ.

“މަންމަ ގާތުން ސަލާމަތްވެވުނީތަ” ސަމާސާ ގޮތަކަށް ޝަދަފު ބުނެލިއެވެ. އޭރު ރީޝަމް އައިސް އޭނާގެ ގާތުގައި އިށީންނަނީއެވެ.

“އަސްމައައްތަ އެބައިންނެވި ބޮޑުކޮޓަރީގައި، ކޮންމެވެސް ޕޭސްޓްރީ ޕްރޮގްރާމެއް ބައްލަވަން” ރީޝަމް ލުއިހިނިތުންވުމަކާއިއެކު ބުނެލިއެވެ.

“ރީޝް، ވާހަކައެއް އަހާލަންތަ” ޝަދަފުގެ އަޑުގައި ހުރީ ލާނެތްގޮތެކެވެ. ރީޝަމް، ޝަދަފަށް ބަލާލަމުން މަޑުމަޑުން ބޯޖަހާލިއެވެ.

“އޭރު ގައިގަ ހުރި ހުރިހާ މަސްތަކަށް ކިހިނެއް ހެދީ، ކަނޑާފަ ވިއްކީތަ” ޝަދަފު މިހެން ބުނުމުން ރީޝަމް ހީނލިއަޑުއިވުނެވެ.

“ކިހިނެއްވީ، މިހާރު ހުތުރީތަ، އޭރު އެއީ ދެން ކުޑައިރެންނު، އެކަކުވެސް އަބަދު އެއްގޮތަކަށް ނުހުންނާނެއެންނު” ރީޝަމް ބުނެލިއެވެ.

“ރަނގަޅުވާހަކައެއް، މިހާރު ރީޝްއަށް ބަލާނުލާދާން ފިރިހެނަކަށް ވަރަށް އުނދަގޫވާނެ، އަހަރެންގެ ހިތަށް ވެސް ގޮތެއްވާހެން ހީވޭ… ދެން ރަނގަޅު މިހެންއުޅެފައި ރީޝްދެކެ ލޯބިނުވެވިއްޖެއްޔާ” މާބޮޑު ވިސްނުމަކާއިނުލާ ޝަދަފު އެބުނި އެއްޗަކުން ރީޝަމްއަށް ހުއްޓުން އެރިއެވެ. އެސްފިޔަޖަހާލުމެއްނެތި އިރުކޮޅަކު ޝަދަފުގެ މޫނަށް ނަޒަރު ހުއްޓާލައިގެން އޭނާއިނެވެ.

“ޑިފީގެ ހިތުގައި އަހަންނަށްޓަކައި ލޯބި އުފެދިދާނެތަ” ރީޝަމްއަށް އޭނާގެ އަމިއްލަ ހިތާ ސުވާލުކޮށްލެވުނެވެ. އެވަގުތު ޝަދަފު ރީޝަމްގެ މޫނާއި އަތްތިލަ ކައިރިކޮށްލުމާއިއެކު ފުއްޓަތްކެއް ޖަހާލީ ރީޝަމް ކޮންމެވެސް ކަމަކަށް ގެއްލިފައި އިންކަން އެނގިގެންނެވެ.

ހީކުރިވަރަށްވުރެ ރީޝަމް އާއިއެކު ދުވަސް ދިގުކަން ޝަދަފަށް ފާހަގަކުރެވުނެވެ. އޭނާ އަތުކުރީގައި އޮތް ގަޑިއަށް ބަލާލިއެވެ. ރީޝަމްގެ ހަރަކާތްތައް ހުރިގޮތުން ހީވަނީ އޭނާ ޝަދަފު ދަސްކުރަން މަސައްކަތްކުރާހެންނެވެ. އަބަދުވެސް ތުންފަތަށް ރަކިހިނިތުންވުމެއް ވެރިވެފައި ހުރެއެވެ. ގޭގެ ހާމަފެންޑާގައި ދެޒުވާނުން ތިއްބާ އެތަނަށް އީޝާގެ ދެމަފިރިން އައެވެ. އެމީހުން އެތަނަށް އައުމުން މާހައުލު ކުއްލިއަކަށް ހަލަބޮލިވެގެން ދިޔައެވެ. ގިނައިރެއްނުވެ ޔޫޝައު ވެސް އެމީހުންނާއި ބައިވެރިވިއެވެ. ރަސަލްމެންގެ ޢާއިލާ ދީފައިވާ ދަޢުވަތުގެ ވާހަކަ އެންމެން ދައްކަން ފެށިއެވެ. އަދި ކޮންމެވެސް ވަރަކަށް ރީޝަމް އާއި ޝަދަފުގެ ގާތްކަމުގެ ވާހަކަދެކެވިގެން ދިޔައެވެ. އީޝާގެ ޚިޔާލު ފާޅުކުރުމުގެ ތެރޭގައި ރީޝަމް އާއި ޝަދަފު ގުޅެންވީކަމުގައި އެއްފަހަރު ބުނެވުނެވެ. އެއާއިއެކު ރީޝަމްގެ ހިތްއަވަސްވިއެވެ. ޝަދަފު ތަންކޮޅެއް ބާރަށް ހީނލާފައި ރީޝަމްގެ ގެނެސް ގަޔާއިކައިރިކޮށްލިއެވެ. ޝަދަފުގެ ޢަމަލުތައް ހުރިގޮތުން އެންމެނަށް ވެސް އޭނާ ރީޝަމް އާއި ގަޔާވާކަން އެނގުނެވެ. ދިމާކުރުމަށް ފުރުޞަތުލިބިގެން ދިޔައީ ވެސް އެހެންވެއެވެ.

ތަރަފު ގެއަށް އައިއިރު ރަސަލްގެ ދެމަފިރިން ވެސް އެގެއަށް އައެވެ. އޭރު ހުރިހާ ކުދިންހެން ތައްޔާރުވެލައިގެން ބޮޑުކޮޓަރީގައި ތިއްބެވެ. ލަސްތަކެއްނުވެ ދެޢާއިލާ ވެސް އެގެއިން ނުކުމެ މިސްރާބުޖެހީ ހުޅުމާލެއަށް ދިއުމަށެވެ. ލޯންޗު ހުޅުމާލޭ ފާލަމާއި ކައިރިކޮށްލުމުން އޭގެން އެންމެން ފައިބަންފެށިއެވެ. ޝަދަފު ލޯންޗުގައި ހުރި ރީޝަމް ފާލަމަށް އެރުމަށް އެހީތެރިވެދިން މަންޒަރު ބަލަން ތަރަފް އާއި އަސްމަހާނު ތިބީ ވަރަށް ޝައުގުވެރިކަމާއިއެކުއެވެ. އެދެކުދިންގެ ގާތްކަން ފެނިފައެވެ. ޝަދަފު، ރީޝަމްއަށް ދޭ ސަމާލުކަން ފެނިފައެވެ.

“މިކޮޅަށް ދާންވީ…” ރަސަލް ކުރިއަށް ޖެހިލާ ބުނެލިއެވެ. އެއާއިއެކު އޭނާގެ ފަހަތުން އެންމެން ހިނގައިގަތެވެ. ޔޫޝައު އާއި ލީވާން އަމިއްލަ ވާހަކައެއްގައި ތިބިއިރު އީޝާ، ރީޝަމް އާއި ކޮންމެވެސް ވާހަކައެއް ދައްކަމުން ދިޔައެވެ. ވަރަށް މަޑުމަޑުންނެވެ.

ވަކިވަކިން ކޮންމެ މީހަކަށް ބަލާލި ޝަދަފު ފޯނު ނަގައި ވަށައިގެންފެންނަމުން ދިޔަ ރީތި މަންޒަރުގެ ފޮޓޮއެއް މޮޅު ގޮތަކަށް ނެގޭތޯއުޅުނެވެ. ކުރިމަސައްކަތް ކާމިޔާބުވުމުން ދެން އަވަސްވެގަތީ ޢާއިލާ އާއި ވަކިވެ ގެއްލުމުގެ ކުރިން އަވަހަށް އެމީހުންނާއި އަރާ ހަމަކުރެވޭތޯއެވެ. އަދި ނެގި ފޮޓޯ އިންސްޓަރގްރާމަށް ލުމާއިއެކު ޔޫޝައުގެ ފަރާތުން އިޝާރާތެއް ލިބިގެން ދިޔައެވެ.

“ޑިފީ، ފެންނަ ކޮންމެ އެއްޗެއްގެ ފޮޓޯ ނަގަނިކޮށް، ވީ ބޯތް އާ ގޮއިންޓު ޝެއަރ ސޭމް ފޮޓޯސް، ސޯ ލީވް ސަމް ލޮކޭޝަންސް ޓު މީ އޯލްސޯ” ޔޫޝައު ކަރުގައި އޮތް ކެމެރާގައި އަތްޖައްސާލަމުން ބުނެލިއެވެ.

“ފެންނަ ކޮންމެތަނެއް ޔޫޝް ވެސް ނެގީމަ ނިމުނީނު، އައި ޑޯންޓް ކެއަރ ސޭމް ފޮޓޯ ޝެއަރ ކުރެވުނަސް” ޝަދަފު ހީނލާފައި ބުނެލިއެވެ. އެއާއިއެކު ޔޫޝައު، ޝަދަފުގެ ކޮނޑުގައި އަތްއަޅައި އެއްފަރާތަކަށް ކޮށްޕާލިއެވެ.

ރަސަލް އާއި ތަރަފްގެ ޢާއިލާއަށް އެމީހުން ބޭނުންވާ މަންޒިލާއި ހަމައަށް އާދެވުނުއިރު ތޮށިގަނޑާއި ކައިރިކޮށްލާފައި އޮތް ލޯންޗެއް ފެނުނެވެ. އޭގައި ފަޅުވެރިކުދިން ރަސަލްމެންގެ އިންތިޒާރުގައި ތިއްބިކަން އެނގުނީ އޭނާ ފެނިގެން އެމީހުން އުޅެގަތް ގޮތުންނެވެ. ނިއްވާލާފައި އޮތް ލޯންޗުގެ އިންޖީނު އިސްޓާޓު ކުރުމާއިއެކު ލޯންޗަށް ފައިބަން ތަންދެއްކިއެވެ. އެމީހުންގެ ތެރެއިން އިސްކޮށް ހުރި ޒުވާނާ އާއި ރަސަލް އައިސް ސަލާމްކޮށްލުމާއިއެކު ވާހަކަދެއްކިއެވެ.

“ރުޝްދީ، ކޮބާ ތައްޔާރުތަ” ރަސަލް އަހާލިއެވެ.

“ލައްބަ، ރަސަލް ދެއްވި ލިސްޓުގައިވާ ހުރިހާ ކަމެއް ހުންނާނީ ފުރިހަމަކޮށްފައި، އިތުރުކަމަކަށް ބޭނުންވަންޏާ ވެސް އަޅުގަނޑަށް ގުޅާލެއްވުމުން ހަމަޖައްސައިދޭނަން، އަވަހަށް ދުރުވޭ” ރުޝްދީ ތޮށިގަނޑުން ލޯންޗަށް ފައިބައިފައި ރަސަލް ފޭބުމަށް ތަންދެއްކިއެވެ. ރަސަލްގެ ފުޅާ ހަށިގަނޑާއި ދިއްވެފައި ހުންނަ ބަނޑާއިއެކު ލޯންޗަށް ފޭބުމުގައި ކޮންމެވެސް ވަރެއްގެ ދަތިގޮތެއް ހުއްޓެވެ. އެނާގެ އެހީގައި ޒަބާ ލޯންޗަށް އެރިއެވެ. އެންމެ ފަހުން ލޯންޗަށް އެރީ ޝަދަފާއި ރީޝަމް އެވެ. ލޯންޗުގެ ގެގަޑުތެރެއަށް ރީޝަމް ވަދެގެން ދިޔައިރު ވެސް ޝަދަފު ހުރީ އޭނާގެ އަތުގައި ހިފާއްޓާލައިގެންނެވެ. އެމަންޒަރު ފެންނަ ކޮންމެ މީހަކަށް ވެސް އެއީ ނުހަނު ގުޅޭ ޖޯޑެއްހެން ހީވާނެއެވެ. ފެންނަނީ އެހާވެސް ގާތްކޮށެވެ.

“ވަޓްސް ދަ ބިގް ފަންކްޝަން” ޝަދަފު ސިއްރުން ކަހަލަ ގޮތަކަށް ރީޝަމްގެ ކަންފަތް ކައިރީ ބުނެލިއެވެ.

“ބައްޕައަށް އެނގިލައްވާނީ، ޑިފީއަށް ހަދިޔާއެއް ދެއްވަން އުޅުއްވާކަން އެނގިފައި އޮތީ، އެއީ ކޮން ހަދިޔާއެއް ކަމެއް ހަމައެއްގޮތަކަށް ވެސް ނޭނގޭ” ރީޝަމް ބުނެލިއެވެ.

ކުއްލިއަކަށް ރަސަލް، ޝަދަފަށް ގޮވާލާފައި ދުއްވަމުންދިއޔަ ލޯންޗުގެ މިސްރާބުހުރި ދިމާލުގައި އަޅާފައި އޮތް ސަފާރީ ދައްކާލިއެވެ. އަދި އެއާއިމެދު ޝަދަފުގެ ޚިޔާލަކީ ކޮބައިތޯ އަހާލިއެވެ. ރަސަލްއަކީ ފެށޫނީއްސުރެން ވެސް މޫދުގައި ދުއްވާ އުޅަނދުފަހަރު ބަނުމުގެ މަސައްކަތް ކުރަމުން އަންނަ މީހެކެވެ. މިއަދު އޭނާގެ ނަންމަތީގައި އެތަކެއް ލޯންޗާއި، ސަފާރީ އާއި، ފެރީތަކުގެ އިތުރުން ބޮޑެތި މަސްދޯނި ފަހަރު ވެސް އެބަހުއްޓެވެ. ރަސަލްގެ އާއިލާއަކީ ވަޑާމުގެ މަސައްކަތްކަތުގައި އާމްދަނީ ހޯދަންފެށި ޢާއިލާއެކެވެ. އޭނާގެ ކާފައަކީ އޮޑިވަޑާމުގެ ޚާއްޞަ ހުނަރުތަކަކާއި ތަނަސް ޚިޔާލެއް ގެންގުޅުނު މީހެކެވެ. މިހާރު ރަސަލް ކުރަމުން އެއަންނަ ވިޔަފާރީގެ ފެށުމަކީ ވެސް އެއީއެވެ. ޒަމާނާއި އެއްގޮތަށް ފުޅާކޮށް ތަރައްޤީ ކުރީ އޭނާގެ މިންނަތް މަސައްކަތުންނެވެ. އެއްބަނޑު އެއްބަފާ ދެބެންތިބިއިރު، ދެބެން ވެސް އުޅެމުން އަންނަނީ އެވިޔަފާރިން ލިބޭ މަންފާއިންނެވެ.

“ވަރަށް ރީތި، ރަސަލް އަންކަލްގެ ޑިޒައިނެއްތޯ” ޝަދަފު ފެންނަމުން ދިޔަ ސަފަރީއަށް ބަލަންއިނދެފައި ބުނެލިއެވެ.

“ޝަދަފަށް ކަމުގޮސްފިއްޔާ އޭގެ މާނައަކީ ހަމަރީތީއޭ” ރަސަލް ހިނިތުންވެލަމުން ބުނެލިއެވެ.

ސަފާރީއަށް އެންމެން ފޭބުމާއިއެކު ހެން އެ ފަރުމާކޮށްފައިވާލެއް ރީތިކަމުން އެންމެންގެ ދުލުކުރީގައި ވެސް ވަނީ ތަޢުރީފުގެ ބަސްތަކެވެ. ޔޫޝައުއަށް އޭނާގެ ކަރުގައި އޮތް ކެމެރާ ތިރިކޮށްލާނޭ ވަގުތެއް ނުލިބުނެވެ. ވަގުތުން ސަފާރީގައި ތިބި ފަޅުވެރިންގެ ތެރެއިން ކުއްޖަކު އައިސް ތަބަކެއްގައި އަތުރާފައި ހުރި ތަށިތަކުގައި ފިނިބުއިންތައް ހިފައިގެން ފަހަރަކު މީހަކަށް ޙިދުމަތްކުރުމުގައި އުޅެންފެށިއެވެ. ހުރިހާ ކަމެއް ވެސް ހުރީ ވަރަށް ފުރިހަމައަށެވެ. ރަސަލް، ޝަދަފުގެ އަތުގައި ހިފައިގެން ސަފާރީގައި އެކިތަންތަން ދައްކާލުމުގައި އުޅެއެވެ. ހުރިހާ ދިމާލަކަށް ބަލާލުމުން ވެސް އެނގެނީ އެސަފާރީއަކީ އަދި ބަޔަކު ބޭނުންނުކުރާ އައު އެއްޗެއްކަމެވެ. ސަފާރީގެ ފަހަތުގައި މީހުންނަށް މަޑުކޮށްލެވޭގޮތަށް ޖަހާފައި ހުރި ގޮނޑިތަކުގަ ރަސަލް އާއިއެކު އެންމެން ވެސް އައިސް އިށީނެވެ.

“މިއީ އަންކަލްގެ ފަރާތުން ޝަދަފުގެ އުފަންދުވަހުގެ ހަދިޔާ، މިއޮތީ ސަފާރީގެ ހުރިހާ ލިޔެކިޔުމެއް، މީގެ ފަހުން މިއީ ޝަދަފުގެ އެއްޗެއް” ރަސަލް މިހެން ބުނުމުން ޝަދަފު އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“ތެންކިޔޫ… އެކަމަކު، އެކަމު ރަސަލް އަންކަލް… މިއިން އަޅުގަނޑު ކުރާނީ ކީއްތޯ” ޝަދަފު ވަރަށް ވިސްނާލާފައި ބުނެލިއެވެ.

“ރަޙުމަތްތެރިންނާއި ފެމެލީ އާއިއެކު އެންޖޯއީ ކުރާނީ… އެވެސް ކަމެންނު، ދޯނީގައި މައްސަލައެއް ޖެހިއްޖެނަމަ އަންކަލްއަށް އަންގާލަ، އޭރުން މަރާމާތުކޮށްދޭނަން، މިހާރު ދޯނީގައި މިއުޅޭ ކުދިން މިދޯނީގެ ހުރިހާ ކަމެއް ބަލަހައްޓާނެ، ޝަދަފު ބޭނުންވީމާ ދޯނީގެ ކެޕްޓަނަށް ގުޅާލާ، އޭނާ ހުރިހާ ކަމެއް ހަމަޖައްސައިދޭނެ” ރަސަލް ބުނެލިއެވެ. ޝަދަފަށް ފާޅުގައި ނޫނެކޭ ބުނާކަށް ނުކެރުނެވެ. މީހަކު ހަދިޔާއެއް ދީފިނަމަ އޭތި އަނބުރާދިނުމަކީ ހުތުރުކަމެއްކަމުގައި އޭނާ ޤަބޫލުކުރެއެވެ.

އިރުއޮއްސުނު މަންޒަރު ބަލަން އެންމެ ތިބިއިރު ޝަދަފު ހުރީ އެހެން މީހުންނާއި އެކަހެރިވެލައިގެންނެވެ. އެންމެންހެން ސަފާރީގެ ހާމަކުރެވިފައިވާ ޑެކުމައްޗަށް އަރާ އެތަނުގައި ހުރި ބީޗު ގޮނޑިތަކުގައި ފެންނަމުންދިޔަ ހިތްގައިމު މަންޒަރުން އުފާ ހާޞިލުކުރަމުން ދިޔައިރު ޝަދަފު އިނީ މޫދަށް ފޭބުމަށް ހަރި ހަރުފަތްތަކުގައި ކިރިޔާ ލޮނުން ފައިތެމޭވަރަށް ފައިއެލުވާލައިގެން ދޯނީގެ ފަހަތުގައެވެ. ދޭތެރެއަކުން އަތުގައި އޮތް ފޯނަށް އޭނާ ބަލާލައެވެ. ސިކުނޑީގައި ކޮންމެވެސް ޚިޔާލުތަކެއް އެނބުރެމުންދާކަހަލައެވެ. ގެއަށް ދާން ހަމަޖެހިފައި އޮތީ ރޭގަނޑު ދިހައެއް ޖަހާލާކަން ހާއިރުކަން ރަސަލްގެ ފަރާތުން ޝަދަފަށް އެނގުނީއްސުރެން އޭނާގެ މޫނުމަތިން ފޫހިކަމެއް ފާޅުވަމުން ދިޔައެވެ. އަވަހަށް ގެއަށް ދާން ބޭނުންވަނީ ކަންނޭނގެއެވެ. އެކަމަކު ޝަދަފުގެ ޢާއިލާގެ ހުރިހާ މެންބަރުންނެއް އެވަގުތު އޭނާ އާއިއެކު އެދޯނީގައި އެބަތިއްބެވެ. ވީއިރު ގެއަށް ދާން އޭނާ ބޭނުންވަނީ ކޮންސަބަބަކާއި ހުރެ ހެއްޔެވެ.

* * * *

“ކޮންއިރެއް މިތަނުގައި ހުންނަތާ” ސަމަރު ތުންކޮޅު އޫކޮށްލަމުން ބެލްކަންޏަށް ނުކުން ޢިޒްވާއަށް ބުނެލިއެވެ.

“ކާކުތަ ބުނީ ސަމަރް ގާތު މިތަނުގައި ހުންނާށޭ” ޢިޒްވާ ބެލްކަނީގައި ހުރި ހަރުގަނޑުގައި އަޅުވާފައި އޮތް ދެތުވާލި ނަގަމުން ބުންޏެވެ. އަދި އެއެއްޗެހި ހިފައިގެން އެތެރެއަށް ވަނުމުން އޭނާގެ ފަހަތުން ސަމަރު ވެސް ވަނެވެ.

“ޢިޒޫ އެންނު އެމީހާގެ ވާހަކަދެއްކީ، ހަވީރު ފަހެއްޖެހީ އަހަރެން މިގޭގައި ހުއްޓައި، އޭރުއްސުރެން މިބެލްކަނީގައި މިހުންނަނީ، އެ ރީތި މީހާއެއް ނުނިކުތެންނު، ގައިމު އިޒޫ ބުނީމެންނު އޭނާ އަބަދުހެން ހުންނަނީ ބެލްކަންޏަށް ނުކުމެ އިޒޫކުރާކަންތައް ބަލާށޭ، މިހާރު އެއޮތް އިޝާ ނަމާދަށް ގޮވާ ދިޔައީ… އިރުކޮޅަކުން އަށެއް ޖަހާނެ” ސަމަރު އައިސް ޢިޒްވާގެ އެނދުގައި އިށީންނަމުން ބުނެލިއެވެ.

“ތިއެއް ނޭނގެމަށަކަށް، އޭނާ ނުކުމޭތޯ ނޫނީ ނުނިކުމޭތޯ ބަލާކަށް އަހަންނެއް ނޫޅެން، އެހެންޏާ ހުންނާތީއޭ ހުރެޔޭ ބުނީ، އަހަރެން ދޮގެއް ނޫނޭ ހެދީ، ވެދާނެ އެންނު އެގެއަށް އައިސް ހުރި މެހެމާނެއްކަމަށް، މިހާރު ދިޔައީ ތޯއްޗެއް” ޢިޒްވާ ފަރުވާކުޑަރާގެއްގައި ބުނެލިއެވެ. ސަމަރުގެ މޫނުމަތިން މާޔޫސްކަން ފެނިގެން ދިޔައެވެ.

“އަހަރެން އަދި އެވަރުން އޭނާ ދެކިލާހިތުން ހުއްޓާ ދިޔައީތަ… ހާދަ ދެރަޔޭ، ދެން ދާންވީ ކަންނޭނގެ ގެއަށްދާން، މާލަސްވެއްޖެއްޔާ މަންމަ ގުޅާފާނެ” ސަމަރު ބުނެލިއެވެ.

“ދެން މިހާއިރުކޮށްފައި ދާންވާނީ ކައިގެން، އަހަރެން މިއައީ ސަމަރްއަށް ބަތްނުހުރެދާނެތީ އިތުރަށް ކައްކާފައި، އެހެންވީމަ އަދިއަމުދުން ނުކައި ގޮސްގެން ނުވާނެ” ޢިޒްވާ އަމުރުވެރި ރާގެއްގައި ބުނެލިއެވެ.

“އޯކޭ، އޯކޭ… ކައިގެންނޭ ދާނީ، ކޮބާތަ ޔޫލީގެ ހެދުން، މިހާރު ނިމިޖެއްތަ” ސަމަރު ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ.

“ފާޑަކަށް ދެން ނިމިއްޖެ، އޭނާ ދިން ނަމޫނާގައި ގަމީހުގެ ގިރުވާނުން ފެށިގެން ގޮށްފޮތިގަނޑުގެ މެދާއި ހަމައަށް ރޫޖައްސާފައި އޮތް ފޮތިކޮޅެއް އަޅާފައި އޮތީ، މިއުޅެނީ އެފޮތިކޮޅު ރީތިކޮށް އަޅަން ނޭނގިގެން، މަންމަލައްވާ އެކަން ކުރުވީމަ އަހަންނަކަށް ދަހެއްނުވާނެ އެންނު ދޯ، އެހެންވެ” ޢިޒްވާ އައިސް ސަމަރުގެ ގާތުގައި ހަމަޖެހިލިއެވެ. އެވަގުތު ފަރުޝާ އައިސް ކޮޓަރިއަށް ވަނެވެ.

“ހިނގާ ސިޓިން ރޫމަށް، މަންމަ އެއައީ ނަމާދުކޮށްލަން، މަންމަ ނަމާދުން ފޭބިމައި ކާން ހަދާނަން، އޭރުން ކައިގެން ސަމަރްއަށް ގެއަށް ދެވޭނެ އެންނު ދޯ” ޢިޒްވާ ތެދުވަމުން މިހެން ބުނެލުމާއިއެކު އޭނާގެ ފަހަތުން ސަމަރު ހިނގައިގަތެވެ.

* * * *

ގެއަށް އާދެވުމާއިއެކު ޝަދަފު ހިނގައިގަތީ އޭނާގެ ކޮޓަރިއަށް ދިއުމަށެވެ. އޭރު ބޮޑުކޮޓަރިތެރޭގައި ރަސަލްގެ ޢާއިލާ ނުގޮސް ތިއްބެވެ. އެމީހުންގެ ކިބައިން ސަލާމަތްވާން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން ޝަދަފު ދޮގެއް ހަދާލީ ކަނޑުމައްޗަށް އެރީތީ އޭނާގެ ބޮލުގައި ރިއްސާކަމަށް ބުނަމުންނެވެ. އެންމެ އެހާ ފަސޭހައިން ޝަދަފު އޭނާގެ ކޮޓަރިއަށް ދިއުމަށް ހުއްދަދިނީ ވެސް އެހެންވެއެވެ.

ކޮޓަރިއަށްވަދެ ދޮރުތަޅުލުމާއިއެކު އަތުކުރީގައި އޮތް ގަޑިއަށް ޝަދަފު ބަލާލިއެވެ. ދެން އަވަސްވެގަތީ ބެލްކަންޏަށް ނުކުތުމަށެވެ. ވަށައިގެންވަނި ހަމަހިމޭންކަމާއި އަނދިރިކަމެވެ. އޭނާގެ ހިތްނުތަނަވަސް ކުރުވީ ކުރިމަތިން ފެންނަމުން ދިޔަ އެޕާޓްމެންޓުގައި މީހަކު ހޭލާއުޅޭކަމުގެ ހިލަމެއްނުވުމުންނެވެ. އިރުކޮޅަކު އެގޮތަށް އެތަނުގައި މަޑުކޮށްލައިގެން ހުއްޓެވެ.

“ނިދީކަންނޭނގެ، އެހެންވީމާ ދެން ދިމާވާނީ ހެނދުނުން” ޝަދަފުގެ ނިތްކުރިމައްޗަށް ވެއްޓުނު އިސްތަށިތައް ރަނގަޅުކޮށްލަމުން މަޑުމަޑުން ބުނެލިއެވެ. އަދި އެނބުރި ކޮޓަރިއަށް ވަދެ ނިދަން ތައްޔާރުވެލިއެވެ. ފާޚާނާއަށް ވަދެ ތަޒާވެލާގައި ނުކުމެ އެނދުގައި އޮށޯވެވުމާއިއެކު އަވަސް އަވަހަށް ފޯނުން ގަޑި އެލާމަށް ސެޓުކޮށްލިއެވެ. ހެނދުނުން ކޮންމެހެން ވެސް ހޭލަން ބޭނުންވެފައި އޮވެ ދެލޯ މަރާލިއެވެ.

* * * *

އޮފީހަށް ދިއުމަށް ޢިޒްވާ ގެއިން ނުކުން ވަގުތު އޭނާގެ ފަހަތުން ޝަދަފު އައެވެ. މިއަދު އަނގައިން ނުބުނެ ހުންނާކަށް ޝަދަފު ބޭނުމެއްނުވިއެވެ. މުންސިރުމެންގެ ގުރޫޕަށް ދައްކާ ވާހަކަ އަޑުނީވޭ ހިސާބަށް ދެވުމާއިއެކު ޝަދަފު ވާހަކަދައްކަން ފެށިއެވެ.

“މީހަކު އެއްޗެއް ދިނީމަ ޝުކުރުއަދާކުރަންވާނެ އެންނު” ޝަދަފު މިހެން ބުނުމުން ވެސް ޢިޒްވާ ބަލާވެސް ނުލިއެވެ.

“އަހަންނަށް ކިޔަނީ ޝަދަފު، ނަންބުނެލަ ދީފާނަންތަ” ދެންވެސް ޝަދަފު ވާހަކަދެއްކިއެވެ. އޭނާ ހުރީ ކުރިން ދުވަހެކޭ ވެސް އެއްފަދައިން ކަސްރަތުކުރަން ދާން ތައްޔާރުވެގެންނެވެ.

“ހަމައަނގައިން ނުބުނާނަންތަ، އަދިވެސް ރުޅިއައިސްފައިތަ… ފޯނު ހަލާކުވިޔަސް ތިވަރަށް ރުޅިއަންނާކަށް ނުވާނެ އެންނު، މިހާރު އައުފޯނެއް ވެސް ދީފީމެންނު، ކަމުދޭތަ އެފޯނު، އަންހެން ކުދިންނަށް ކަމުދަނީ ކޮންކަހަލަ ފޯނެއްކަމެއް އަސްލު ނޭނގޭ، އަހަންނަށް އެފޯނު ވަރަށް ކަމުދިޔައީމަ ހިތަށް އެރީ ތިކުއްޖާއަށް ވެސް ކަމުދާނެއޭ…. ދެން ނަންބުނެލަދޭންވީނު… ޕްލީޒް… އައި އެމް ރިއަލީ ސޮރީ އިނގޭ، އެރޭ ބަލާނުލާ ހިނގުނީ އަހަންނަށް…” ޢިޒްވާ ކުއްލިއަކަށް ޝަދަފަށް ބަލާލީ ހައިރާންވެފައި ހުރި ހެންނެވެ. ޝަދަފު ދައްކަމުން ދިޔަ ވާހަކަ ހުއްޓުމަކަށް އައުމާއިއެކު ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ.

މަދު ހިނދުކޮޅަކަށްވިޔަސް ޢިޒްވާގެ ހިނގުމަށް ހުއްޓުމެއް އައެވެ. އެއާއިއެކު ޝަދަފު ވެސް މަޑުކޮށްލީ ވީގޮތެއް ނޭނގޭތީއެވެ. އެހެންނަމަވެސް އެދެޒުވާނުންގެ ހަތަރުކަޅިބައްދަލުވުމާއިއެކު އެދެހިތަށް ބުނެދޭންނޭނގޭ ގޮތްތަކެއް ވެގެންދިޔަކަން ގައިމެވެ. އިރުކޮޅަކު ބަލަހައްޓައިގެން ހުރުމަށްފަހު ކުރިއަށް ހިނގައިގަތީ ޢިޒްވާއެވެ. ދެފަޔަށް ބާރުލާފައި ހަލުވިކަމާއިއެކު ހިނގާފައި ގޮސް ޖެހިގެން އޮތް މަގަށް ނުކުތެވެ. ވާނުވާ ނޭނގިފައި ހުރި ކަހަލަ ގޮތަކަށް ޝަދަފު ބަލަހައްޓައިގެން ހުރެފައި ބޮލުގެ ފުއްކިބައިގަ އަތްހާކާލުމާއިއެކު ދުވެލާފައި އައިސް ޢިޒްވާ އާއި އަރާ ހަމަކުރުމުގެ ކުރަން މަސައްކަތްކުރިއެވެ. ނަމަވެސް ޢިޒްވާ ހަލުވި ހިނގުމުގައި ކުރިއަރައިގެން ހިނގައްޖެއެވެ. ވީގޮތެއް ނޭނގުމުން ޝަދަފުގެ ސިކުނޑީގައި އުފެދެންފެށި ސުވާލުތައްވީ ގިނައެވެ.

އެހެން ދުވަސް ދުވަހަށްވުރެ ކުރިން ޢިޒްވާއަށް އޮފީހަށް އާދެވުނެވެ. ހިނގާފައި އާދެވުނު ބާރުމިން އިޙުސާސްކުރެވުނީ އެހާ ހެނދުނާ ވެސް ކަރުހިއްކައިގަތުމުންނެވެ. އޭނާގެ މޭޒުކައިރީ ހުރި ގޮނޑި ދަމާލާފައި އޭގައި އިށީނދެ ހަމަޖެހުމުގެ ފުންނޭވާއެއް ލިއެވެ. އަދި ދަބަހުގައި އޮތް ފެންފުޅި ނަގައި އެއިން ފެންކޯވަރެއް ބޯލިއެވެ. އެވަރުން ވެސް އޭނާ ހަމައަކަށް ނޭޅުނެވެ. ހަޤީޤަތުގައި އޭނާގެ ސިކުނޑީގައި ވަރުގަދަ ހައިޖާނެއް އުފެދިފައިވާ ކަހަލައެވެ.

“ކޮންމެހެން އަހަންނަށް ރަނގަޅުވާން އުޅޭނެކަމެއްނެތް، މިއަދު އޮފީހުން ގެއަށް ދާގޮތަށް އެފޯނު އޭނާއަށް އަނބުރާ ދޭނަން، ވަރުގަދަކަމެއް މިއޮތީ…” އެކަނިއިނދެ ތުންތަޅުވާތަން ޢިޒްވާ ހޯދަން އޭނާގެ މަސައްކަތްކުރާ ހިސާބަށް އައި ސަމަރްއަށް ފެނި ހައިރާންވެފައި ދެފަރާތުން ދެއަތްވިއްދާލަމުން ބަލާލިއެވެ. ލޯހިމަކޮށްލާފައި ނަޒަރު ސީދާކޮށްލީ ޢިޒްވާގެ އަނގައަށެވެ. އޭނާ ތުންތަޅުވާކަން ޔަޤީންކޮށްލުމަށެވެ.

“މޫޑު ވަރަށް ގޯސް ދުވަހެއް ހާދަ ހީވެޔޭ، ތިހެން އިނދެފައި ހުޅުނުފަޅަށްޗޭ، އެހެންނޫނީ ތިއަލިފާނުގެ ހޫނުގައި އަހަރެން ވެސް ފިހިދާނެ” ސަމާސާ ރާގެއްގައި ސަމަރް އައިސް ޢިޒްވާގެ މަސައްކަތްކުރާ ސަރަޙައްދު ވަކިކުރުމަށް ޖަހާފައި ހުރި ޕާޓިޝަންގައި ދެއަތްއަޅުވާލަމުން ބުނެލިއެވެ.

“ހިތަށް އަރާ އެނބުރި ރަށަށް ދާންވީއޭ، މިތަނުގައި ފަސޭހަ ރަޙުމަތެއްގައި ތަންކޮޅެއް ލިބެނީއެއްނޫން، މާހިތަށް ފަސޭހަވާނެ އަމިއްލަ ރަށުގައި ދިރިއުޅެން، ޔަޤީނުން ވެސް މީސްމީހުންގެ ދުއްތުރާތަކުން ސަލާމަތްވާނެ” ޢިޒްވާ، ސަމަރްއަށް ބަލާލުމެއްނެތި ނުރުހުންވެފައި އިނދެ ބުނެލިއެވެ.

“ތިކަން އެނގެޔޭ، އިޒޫ ތިއުޅެނީ ރަށަށް ދާނޭ ބަހަނާއެއްނެތިގެންނު، ބަލަ ރަށުގައި ހުރެގެން މަންމައަށް ފަރުވާކުރެވެން ނެތިގެންނު މިކޮޅަށް ބަދަލުވީ…” ސަމަރު، ޢިޒްވާގެ އެޚިޔާލަށް ކުޑަކޮށް ވެސް ތާއީދުކުރާކަށް ބޭނުމެއްނުވިއެވެ. ޢިޒްވާ އިތުރު އެއްޗެއް ނުބުނެ އިރުކޮޅަކު އިސްޖެހިފައި އިނެވެ. އޭނާއަށް ވީގޮތެއް ނޭނގެއެވެ. ފުންނޭވާއެއްލާފައި ސަމަރްއަށް ބަލާލީ ހިނިތުންވެލަމުންނެވެ. އެހިނދު ސަމަރްގެ މޫނުމަތިން ފެނިގެން ދިޔައީ ހައިރާންކަމެވެ.

“އަނެއްކާ މިހާރު ކިކޭ ހިތަށްއަރާފަ ތިއިނީ” ސަމަރް އެހިއެވެ.

“އެއްޗެކޭ ހިތަކަށް ނާރާއޭ، ދެން ބުނެބަލަ، ކޮންއިރަކުން ސައިބޯން ދަނީ، ޔޫލީ ވެސް ހޯދަންވެފައި މިއިނީ، އޭނާގެ ހެދުން ނިމިފައި އޮތް ވާހަކަ ބުނަން، އެކަމަކު އޭގައި ގޮށްހަރުކުރަންވީ ގޮތް ސާފުނުވާތީ އެކަން ވެސް އެބަޖެހޭ އޮޅުން ފިލުވާލަން، ހިނގާބަލަ ޔޫލީ ހޯދަން” ޢިޒްވާ ހުރީ ވަރަށް ހަމަޖެހިލާފައި ހުރި ފަދަ ގޮތަކަށެވެ.

“ސައިބޮއެގެން އައިހެންނު އޭނާ ހޯދާނީ، މިއީ އަހަރުމެން ދެމީހުންގެ ވަގުތުކޮޅު، އޭނާ ގެނެސްގެން މިވަގުތުކޮޅު ސްޕޮއިލްކޮށްލާކަށް އަހަރެން ބޭނުމެއްނޫން” ސަމަރް ބުންޏެވެ.

“އޯކޭ… މިއަދު ވާނެ ތަންކޮޅެއް ކުރިން އަންނަން، އޭރުން ބަރާބަރު ގަޑިއަށް މަސައްކަތްތައް ނިންމާލާފައި ގެއަށްދެވޭނީ” ޢިޒްވާ ބޭނުންވާގޮތް ބުނެލިއެވެ.

“ކިހިނެއްވީ ހަދާ ހަމަޖެހިލީ، ދެންމެ ހީވީ ވޮލްކޭނޯއެއްހެން ގޮވާފާނެހެން… ގާލް، ޔޫ އަރ ރިއަލީ އެކްޓިންގ ސްޓްރޭންޖު، އަނެއްކާ އެއްކަލަ ސްމާޓް ބޯއީ މިއަދު ވެސް ފަހަތުން އައީތަ” ސަމަރްގެ ސަމާލުކަން ދޭން ބޭނުންވީ ޢިޒްވާ ރުޅިއައިސްފައި ހުރި ސަބަބެއް އޮޅުން ފިލުވުމަށެވެ.

“ސަޔަށް ދަމުން ކިޔާދޭނަން، ދެން ދޭ، ސަޔަށް ދާންވީމާ އަހަންނަށް ގުޅާ” އެވަގުތު އިހަށް އެތަނުން ސަމަރް ފޮނުވާލަން ޢިޒްވާ ބޭނުންވިއެވެ. ސަމަރް ވެސް ދެކޮޅު ހެދުމެއްނެތި ލާނެތްގޮތަކަށް ހީނލާފައި އޭނާ އިންނަ މޭޒުދޮށަށް ދިއުމަށް ހިނގައިގަތެވެ.

* * * *

ޖިމް ނިންމާފައި ނަވާލާއިއެކު ޝަދަފު ވެސް ދިޔައީ ޓްރެކަށެވެ. މޫދަށް އެރި ފަތާލާފައި ގެއަށް އައުމަށެވެ. އެހެންނަމަވެސް ޝަދަފެކޭ މޫދުގައި އަޅާފައި އޮތް ބޮއެކޭ އެއްފަދައެވެ. އޭނާ ކުޑަކުޑަ ހަރަކާތެއް ގެނައުމާއިއެކު ފެންމަތީ އުއްޑުން ޖެހިލިގޮތަށް ލުއިހިނިތުންވުމަކާއިއެކު ލޯމަރާލައިގެން އޮތްގޮތަށް އޮތީއެވެ. ޓްރެކްގައި ފެތުމަށް ޚާއްޞަ ކުރެވިފައިވާ ސަރަޙައްދުގައި އެއްކޮޅުން އަނެއްކޮޅަށް ފަތަމުން ދިޔަ ނަވާލު ފެނުން މައްޗަށް ބޯހިއްލާލާ ކޮންމެ ފަހަރަކު މިމަންޒަރު ލޮލުގައި އަޅައިގަންނަމުން ދިޔައެވެ. އެންމެ ފަހުން މީނާއަށް ވެސް ފެތޭގޮތްނުވެގެން، ޝަދަފުގެ ގާތަށް އައެވެ.

“މިއަދު އެއްވެސް ކަމަކަށް ސަމާލުކަން ނުދެވިގެން ތިއުޅެނީ އަނެއްކާ ކުއްޖަކު ސިހުރެއް ހެދީތަ” މޫދުގެ ލޮނުގަނޑުގެތެރޭގައި ކޮޅަށް ހުރުމަށް މަސައްކަތްކުރަމުން ނަވާލު ބުނެލިއެވެ. އޭނާގެ އަޑާއިއެކު ލޯހުޅުވާލި ޝަދަފު އަރިއަކަށް ލޮނުގަނޑުގެތެރެއަށް ގެނބިގެން ދިޔައެވެ. އެހެންނަމަވެސް ފަސޭހަކަމާއިއެކު އޭނާ ލޮނުގަނޑުން މައްޗަށް ބޯހިއްލާލަމުން ނަވާލަށް ބަލާލީ ހިނިއައިސްފައި ހުރެއެވެ.

“ބައެއް ދުވަސްދުވަހަކީ ބުނެދޭންނޭނގޭ އުފާވެރިކަމެއް ހިތަށް ލިއްބައިދޭ ދުވަސްތަކެންނު، އެފަދަ ދުވަހެއް މިއަދަކީ… އަހަންނަށް މިއިޙުސާސްކުރެވޭ ކަންތައްތައް އެހެންމީހަކަށް ކިޔާދޭކަށް އަހަންނަކަށް ނޭނގޭ، ކިތަންމެ މޮޅަށް ކިޔަވައިގެން ހުއްޓެއްކަމަކު ވެސް، މިކުރެވޭ އިޙްސާސް ލަފުޒުތަކަކުން އަތުރާލާނީ ކިހިނެއްކަމެއް އަހަންނަކަށް ނޭނގޭ، އެއީ އޭގެ ފުރިހަމަކަމުން، ލިބޭ ހިތްހަމަޖެހުމުގެ ބޮޑުކަމުން… ނަވާއަށް އެނގޭތަ، ދުވަހަކު ވެސް އަހަންނަށް ނުވާގޮތްތަކެއް ވާހެން ހީވަނީ” ޝަދަފުގެ ވާހަކަތަކުން ނަވާލުގެ ތަޖުރިބާ އާއިއެކު ވެގެން އުޅޭގޮތް ކޮންމެވެސް ވަރަކަށް އޭނާއަށް ދެނެގަންނަން އެނގުނެވެ.

“އެ އިޙްސާސަށް ލޯބި، މިލަފުޒު ދޭން އަހަންނަށް ފެންނަނީ” ސަމާސާގޮތަކަށް ހީނލާފައި ނަވާލު ބުންޏެވެ.

“ދެން ހިނގާ ދަމާދޯ” ކުއްލިއަކަށް ޝަދަފު ދައްކަމުން ދިޔަ ވާހަކަ ބަދަލުކޮށްލަން ބޭނުންވި ކަހަލައެވެ. އެކަން ނަވާލަށް ފާހަގަކުރެވުނެވެ. އިތުރަށް އަހާ އޮޅުން ފިލުވާކަށް އޭނާ ބޭނުމެއްނުވިއެވެ. އެއީ ޝަދަފު އޭނާގާތު ބުނަން ބޭނުންވާނަމަ އެގޮތަށް ދެކެވެމުންދިޔަ ވާހަކަ ހުއްޓުމަކަށް އަތުވެދާނޭފަދަ އެއްޗެއް ނުބުނީސްކަން އެނގޭތީއެވެ.

“އާން! ހިނގާ ދަމާ” ނަވާލު، ޝަދަފުގެ ނިންމުމަށް އިޙުތިރާމުކުރަމުން ބުނެލިއެވެ. އެއާއިއެކު ދެޒުވާނުން އެކުގައި ފަތައިގަތީ ތޮށިގަނޑާއި ދިމާށެވެ.

ގެއަށް އައިސް ސައިބޯން ކާމޭޒު ދޮށުގައި މިއަދު ޝަދަފު އިންއިރު ވެސް އޭނާ ހީވަނީ ކޮންމެވެސް ޚިޔާލަކަށް ގެއްލިފައި އިންނަ ހެންނެވެ. ޝަދަފުގެ ސީރިއަލްތައްޓަށް ދޮންކޭލާ ސްޓޯބެރީސްކޮޅެއް ކޮށާދީފައި އަސްމަހާނު ދަރިފުޅަށް ގޮވާލިއެވެ. ނަމަވެސް ޖަވާބު އައީ ދެވަނަ ފަހަރަށް ގޮވާލި ފަހުންނެވެ.

“މަންމައަށް ހީވަނީ ދަރިފުޅު ކޮންމެވެސް ކަމަކާއިމެދު ވަރަށް ވިސްނާހެން، އަނެއްކާ ކިހިނެއްވީ، ކަމެއް ބޭނުންވީތަ” ޝަދަފުގެ ސަމާލުކަން ލިބުމުން އަސްމަހާނު ބުނެލިއެވެ. ޝަދަފްއަށް ކުއްލިއަކަށް ޖަވާބެއްދޭން އުނދަގޫވިއެވެ. އޭނާގެ ސިކުނޑީގެ ތެރެއަށް ފީނައިގަތީ އަސްމަހާނު ގާތު ބުނާނޭ އެއްޗެއް ހޯދާލުމަށެވެ. އެވަގުތު ޝަދަފުގެ ދުލުކުރިއަށް އައީ ރީޝަމް އެވެ.

“މަންމާ، މިއަދު ރީޝް ނާންނަނީތަ” ޝަދަފު ބުނި އެއްޗަކުން އަސްމަހާނުގެ މޫނުމަތިން ހީވީ ކޮލްގެޓު އިސްތިހާރެއް ފެނިގެން ދިޔަހެންނެވެ. އެހިނދު ވަރަށް ގަޔާވެލާފައި މޭޒުގެ ކޮޅުގައި އިން ޝަދަފާއި ޖެހިގެން ކަނާތްފަރާތަށް ހުރި ގޮނޑީގައި އަސްމަހާނު ހަމަޖެހިލައިފިއެވެ.

“ދަރިފުޅު ރީޝްއަށް ގުޅާލަންވީނު، އޭރުން އޭނާ ވަރަށް އުފާވާނެ، ޝަދަފު މިހާރު ތިއުޅެނީ މާދުރުދުރުންވިއްޔާ، ހިނގާބަލަ ކަމެއް ރާވާލަމާ، ޔޫޝައު ކޮއްކޮ އެހެން ހުރެފައި ފުރާފާނެ، އެހެންވީމާ އެނާ ފުރުމުގެ ކުރިން ކަމެއް ބާއްވާލަންވާނެއެންނު” އަސްމަހާނު މިހެންބުނިއިރު އޭނާގެ ސިކުނޑީގައި ވަނީ ޝަދަފާއި ރީޝަމް އެކަކުއަނެކަކާއި ގާތްކުރުމުގެ ޚިޔާލެވެ. އޭނާގެ ޅީދަރިފުޅެއްގެ ގޮތުގައި ރީޝަމް އެގެއަށް ގެންނަން ބޭނުންވާއިރު، އަސްމަހާނު ބޭނުންވަނީ ރީޝަމްއަކީ ޝަދަފުގެ އަންބަކަށް ވާށެވެ.

ޝަދަފު އަސްމަހާނު ދައްކަމުން ދިޔަ ވާހަކަ އާއި ދެކޮޅެއް ނުހަދައެވެ. ކަންކަން ރޭވުން އޭނާ ދޫކޮށްލީ މަންމަގެ އަތްމައްޗަށެވެ. އެއީ އެފަދަ ކަންކަން ކުރަން މޮޅުވާނީ ވެސް އަސްމަހާނުކަމަށް ވީތީއެވެ. ޝަދަފު އޭނާގެ އަމިއްލަ ހިތާއި ސިކުނޑީގައިވާ އެއްޗެއް ފަސޭހަކަމާއިއެކު އަސްމަހާނަށް ސިއްރުކުރުމުގައި ކާމިޔާބު ހޯދިއެވެ. ސައިބޮއެ ނިމިގެން އޭނާ ދިޔައީ ލީވާން ހޯދުމަށެވެ. ލައިސަންސް ކަންތައް ހަމަޖެހޭނޭ ގޮތް އޮޅުން ފިލުވުމަށެވެ. ހުސްވަގުތު ފުރާލުމަށް އެކަން ވެސް އެއީ ރަނގަޅު ކަމަކަށްވާނޭތީއެވެ.

“ހުޅުމާލެއަށް ދާންޖެހޭނީ” އީޝާގެ ކޮޓަރިތެރޭގައި ހުރެ ލީވާން އާއި ވާހަކަދައްކަމުން ދިޔަ ޝަދަފަށް އޭނާ ބުންޏެވެ.

“އެހެންވީރު ހިނގާ ދަމާ، ލަސްކުރާނެކަމެއްނެތެންނު، އައި ޓޯޓަލީ ރެޑީ، އެކަމަކު ހަވީރު އިރުއޮއްސުމުގެ ކުރިން މިކޮޅަށް އަންނާނަން ދޯ” ޝަދަފު ގަޑިއަށް ބަލާލަމުން ވިސްނާލިއެވެ.

“ހޫމް! އެހާއިރަށް އަންނާނަން، އަނެއްކާ މުހިންމު ކަމެއް އޮތީތަ” ލީވާން ރީތިވާ މޭޒުމަތީ އޮތް އޭނާގެ ވޮލެޓުނަގާ ސޯޓުގެ ޖީބަށް ލަމުން ބުނެލިއެވެ. އަދި އަތުން ޝަދަފަށް އިޝަރާތްކޮށްލީ ދާންވީ ކަމުގައި އަންގާލުމުގެ ގޮތުންނެވެ. އެއާއިއެކު ޝަދަފު، ލީވާން އާއިއެކު ހިނގައިގަތެވެ.

* * * *

އޮފީސް ނިންމާފައި ގެއަށް އައި މަގުމަތީގައި ޢިޒްވާއަށް ވެސް ހުރެވުނީ ޚިޔާލަކަށް ގެއްލިފައެވެ. އެވަގުތު ސަމަރް ވާހަކަދައްކަން ފެށިއެވެ.

“އަޅެ އޭނަ ކިހާ ރަނގަޅު، އެހެންމީހަކު ނަމަ ދަހިކަމުން ވެސް އެވަރުގެ ކަމެއް ނުކޮށްދޭނެ، އިޒޫ ގޮތްބޮޑުނުކޮށް އަހަންނަށް ފެންނަނީ އޭނާ އާއި ވާހަކަދައްކަން، ރަނގަޅު މީހަކަށް ވެސް ވެދާނެއެންނު، އަދި މީހަކާއި އަނގައިން ބުނުމަކުން މާބޮޑުކަމެއް ވާނޭ ހެނެއް އަހަންނަކަށް ހިޔެއްނުވޭ” ސަމަރް ބުނެލިއެވެ.

“އަހަރެންތަ ގޮތްބޮޑު މިކުރަނީ، ތަނަކުން މީހަކު ފެންނައިރަށް ވާހަކަދެއްކޭތަ… ސަމަރް ވިސްނަބަލަ، އެއްޗެއްދީފައި އޭގެ ބަދަލުގައި އެދޭނީ ތިމާގެ އަތުގައި އޮންނަ އެންމެ އަގުބޮޑު އެތި ދިނުމަށް، މިއީ ތިބުނާހާ ރަނގަޅުމީހުން އުޅޭ ޒަމާނެއްނޫން، އެހާ އަގުބޮޑު ފޯނެއްގައި ހިފައިގެން ނުކުމެދާނެ ނަތީޖާ އާއިމެދު އަހަރެން މިވިސްނަނީ، އޭނާ އަތުން ހަލާކުވީ އެންމެ އާދައިގެ ފޯނުގަނޑެއް، ދެން އަނެއްކާ ވިސްނާލަބަލަ، އެރޭ އޭނާއަށް ނޭނގުނު އަހަރެންގެ ގައިގާ ޖެހިގަނެވުނު އިރު މަގޭ އަތުގައި އޮތް ފޯނު ވެއްޓި ހަލާކުވިކަން، ދެން މާފަހުން އެކަން އެނގެންވީ ގޮތެއް ވެސް އޮންނާނެ އެންނު” ޢިޒްވާ ވަރަށް ވިސްނަ ވިސްނާފައި ސަމަރްއަށް ކިޔާދެމުން ދިޔައެވެ. އޭނާގެ ވިސްނުން ބަދަލުވޭތޯއެވެ.

“ތިހުރިހާ ކަމެއް ހިތުގައި އަޅައިގެން ހުއްޓަސް އެނގޭނެތަ، ބަލަ އޭނާ އާއި ވާހަކަދެއްކީމައެންނު އޮޅުންފިލާނީ، އޭރުންތާ ކަންވީގޮތް އެނގޭނީ ވެސް، އިޒޫގެ ހިތުގައި ތިއުފެދޭ ހުރިހާ ސުވާލެއް އޭނާ އާއި ކުރަން އަހަންނަށް ފެންނަނީ، އޭރުން އޭނާ ބުނާ އެއްޗެއް ވެސް އެނގިދާނެއެންނު، ޔަޤީނުން ވެސް ފޭކު މީހެއްވެއްޖެއްޔާ އޭނާ ދައްކާ ވާހަކައިން އެނގޭނެ” ސަމަރުގެ މޫނަށް ވައްތަރުތަކެއް ޖައްސާލަމުން ބުނެލިއެވެ.

ސަމަރްގެ ވާހަކަތަކަށް ސަމާލުކަމެއް ދޭން ބޭނުންނުވިޔަސް ޢިޒްވާއަށް ޝަދަފާއިމެދު ވިސްނާލެވުނެވެ. އަދި ހިތާހިތުން ޝަދަފުގެ ނަން ކިޔާލެވުނެވެ. އެއީ ކޮންކަހަލަގެ މިޒާޖެއްގެ ޒުވާނެއްތޯ އެނގެން ޢިޒްވާ ޝައުގުވެރިވި ކަހަލައެވެ. އެކަމަކު އެކަން އޭނާގެ އެއްވެސް ހަރަކާތަކުން އިތުރު މީހަކަށް އެނގޭކަށް ބޭނުމެއްނުވިއެވެ. ހިނގަމުން ވަކި ހިސާބަކަށް އާދެވުމާއިއެކު ސަމަރް އޭނާ އާއި ވަކިވެއްޖެއެވެ. ދެމީހުންގެ ގެ ހުންނަނީ އެއްދިމާލެއްގައި ނޫންކަމުންނެވެ. ގެއާއި ހަމައަށް އާދެވެގެންދެން ޢިޒްވާގެ ސިކުނޑީގައި ވަނީ ޝަދަފުގެ ޚިޔާލުތަކެވެ. ޝަދަފު، އޭނާ އާއި ވާހަކަދެއްކިއިރު އެއަޑުގައި ހުރި ރަޙުމަތްތެރި، ހިތްހެޔޮ ގޮތް ޢިޒްވާއަށް ފާހަގަކުރެވުނީ ޝަދަފާއިމެދު ތަފާތު ނަޒަރަކުން ވިސްނާލެވުމުންނެވެ.

އެޕާޓްމެންޓުގެ ދޮރުހުޅުވާލުމާއިއެކު ޢިޒްވާ އެތެރެއަށްވަނެވެ. ފެންނަ ހިސާބުގައި ފަރްޝާ ނެތުމުން ޢިޒްވާ ދެންހިނގައިގަތީ ކޮޓަރި އާއި ދިމާލަށެވެ.

“މަންމާ!” ޢިޒްވާ، ފަރްޝާއަށް ގޮވާލަމުން ކޮޓަރިއަށް ވަނެވެ. ނަމަވެސް ފަރުޝާ ހުރީ ބެލްކަނީގައެވެ. އެހެންޏާ ހުންނަވަރަށް ވުރެ ބޮޑަށް ބެލްކަނީގެ ދޮރު ހުރީ ހުޅުވާލަފައެވެ.

“ކިހިނެއްވީ މަންމާ، ހާދަ ބޮޑަކަށް ދޮރުހުޅުވާލައިގެން ތިހުންނަނީ” ރީތިވާ މޭޒުމަތީ އަތްދަބަސް ބަހައްޓާލަމުން ބެލްކަންޏާއި ދިމާލަށް ދިޔަ ޢިޒްވާ ހައިރާންވެފައި އަހާލިއެވެ.

“ކަމެއްނުވޭ، މިއަދު މެންދުރު ކަރަންޓު ދިޔަ ގޮތަށް ވަރަށް ފަހުން ކަރަންޓު އައީ، އެހެންވެ ފިނިކޮށްލަން ދޮރުތައް ހުޅުވާލީ” ފަރްޝާ ސަބަބު ބުނެދިނުމުގެ ގޮތުން ބުނެލިއެވެ.

“މަންމަ ސައިބޮއެފިންތަ، އަހަރެން މިހިރީ ވަރަށް ބަނޑުހައިވެފައި” ޢިޒްވާ އެނބުރި ކޮޓަރިއަށް ވަންނަމުން އަހާލިއެވެ. އެހިނދު ފަރްޝާ ހުރެފައި “އާން!” ލައްވާލި އަޑުއިވުނެވެ

ފާޚާނާއަށް ވަދެ ގައިދޮވެލައިގެން ނުކުން ޢިޒްވާ އަސުރު ނަމާދުކޮށްލައިގެން އަވަސްވެގަތީ ކާށެވެ. ތައްޓަށް އެއްޗެހި އަޅާލައިގެން ކާމޭޒު ކައިރީ އިށީނީ ޓީވީ ރިމޯޓު އަތަށް ލައިގެންނެވެ. އޭރު ވެސް ފަރުޝާ ހުރީ ބެލަކަނި ކައިރި މަޑުކޮށްލައިގެންނެވެ.

* * * *

ހަލުވިކަމާއިއެކު ހިނގާފައި އައިސް ގެއަށް ވަން ޝަދަފު އެކަކަށް ވެސް ބަލާނުލިއެވެ. ކޮޓަރިއަށް ވަދެވުމާއިއެކު އޭނާ އަތުކުރީ އޮތް ގަޑިއަށް ބަލާލިއެވެ. އަދި އަވަސް އަވަހަށް ބެލްކަންޏަށް ނުކުތުމަށް ދޮރުފަތް ހުޅުވާލިއެވެ. އެއާއިއެކު ކުރިމަތީ ހުރި ބެލްކަނީގައި އަންހެނަކު ހުއްޓާ ފެނުމުން ޝަދަފު ސިހުނެވެ. ހުޅުވާލި ދޮރު ލައްޕާލުމާއިއެކު ދޮރުފޮތިތަކުގެ ދޭތެރެއިން ސިއްރުން ބަލާލިއެވެ.

“އެއީ އެއަންހެން ކުއްޖާގެ މަންމަ ކަންނޭނގެ” ޝަދަފު އަމިއްލަ ހިތާއި ވާހަކަދެއްކިއެވެ. އެހެންނަމަވެސް އޭނާއަށް ނުކުންނާކަށް ނުކެރުނެވެ. އެހެން އުޅެނިކޮށް އެކޮޓަރީގައި މީހަކު ޓަކިޖެހި އަޑުއިވުނެވެ. އެއާއިއެކު މީހާ ހަމަޖެހިލާފައި އައިސް ދޮރުހުޅުވާލިއެވެ.

“ރީޝް، ކޮންއިރަކު މިގެއަށް އައީ” ހިނިތުންވެލަމުން ޝަދަފު ބުނެލިއެވެ. އެކޮޓަރީގެ ދޮރުމަތީގައި ހުރި ރީޝަމްއަށް ބަލަމުންނެވެ.

“ގޭގައި ފޫހިވެފައި އޮއްވާ މަންމަ ބުނުއްވީ ޑިފީ ގާތަށް މިގެއަށް ދާށޯ، އެހެންވެ ހިތަށް އެރީ އެއީ މުޅިއަކުން ގޯސް ޚިޔާލެއް ވެސް ނޫނޭ، އަނެއްކާ ޑިފީ ބިޒީތަ” ރީޝަމް ހުރި ފިޔަވަޅުމަތީ މަޑުކޮށްލައިގެން ހުރެ ބުނެލިއެވެ.

ޝަދަފު ހުރީ އެކޮޓަރިއަށް އެވަގުތު ރީޝަމް ވައްދާ ހިތަކުން ނޫނެވެ. އެހެންވެ އޭނާ ވެސް ނުކުތީ ކޮޓަރިން ބޭރަށެވެ. އަދި ރީޝަމްގެ ގާތުން އެދުނީ އޭނާ ފެންވަރާލައިގެން ނުކުންނަން ދެން އީޝާ އާއިއެކު މަޑުކޮށްލުމަށެވެ. އެއާއިއެކު ޝަދަފު، ރީޝަމް ގޮވައިގެން އީޝާގެ މަސައްކަތްކުރާ ކޮޓަރި އާއި ހަމައަށް ދިޔައެވެ.

“ލަހެއްނުވާނެ، ކިހިނެއްވާނީ އަހަރުމެން ދެމީހުން މިރޭ ބޭރަށް ގޮސްލުން” ރީޝަމް ހިތްހަމަޖައްސާލަދިނުމަށް ޝަދަފު ޚިޔާލެއް ހުށަހެޅިއެވެ.

“ސީރިއަސްލީ…” ރީޝަމް ހެވިލާފައި މިހެންބުނުމާއިއެކު އޭނާގެ ލޯކުރިމަތިން ޝަދަފު ގެއްލެން ދެން ބަލަން ހުއްޓެވެ.

* * * *

ރޭގަނޑުގެ ބާކީ އޮތްބައިގައި ޝަދަފާއި މެދު އެތަށް ގޮތަކަށް ޢިޒްވާ ވިސްނިއެވެ. އެންމެ ފަހުން އެނދުގައި އޮވެފައި ތެދުވެ އަލަމާރީގައި އޮތް ފޯނުފޮށިގަނޑު ނެގިއެވެ. އަދި އޭތި ހިފައިގެން އައިސް އޭގައި އޮތް ފޯނު ނަގައި އެތަށް އިރަކު އެއަށް ބަލަހައްޓައިގެން އިނެވެ. ޢިޒްވާ ސިހުނީ އެނދުގައި ނިދާފައި އޮތް ފަރްޝާ ފުރޮޅިލުމުންނެވެ. އެއާއިއެކު އަނެއްކާ ވެސް ފޯނު އިހު އޮތްގޮތަށް ފޮށިގަނޑަށް ލައި ބަންދުކޮށްފިއެވެ. އަދި ނިދޭތޯ ފަރްޝާގެ މަގަތުން އެނދުގައި އޮށޯތެވެ.

ޖެހިގެން އައި ދުވަހެވެ. ޢިޒްވާ އޮފީހަށް ދާން ތައްޔާރުވަމުން ދިޔައިރު ދޭތެރެއަކުން ބެލްކަންޏަށް ނަޒަރު ހުއްޓެވެ. އެތަނުގައި ޝަދަފު ހުއްޓާ އޭނާއަށް ފެނުމުން ބެލްކަންޏަށް ނުކުންނަން ހިތައް އެރިއެވެ. އެހެންނަމަވެސް އެފަދަ ހިތްވަރެއް ނުލިބުނެވެ. އެނބުރިލާފައި ވެސް ރީތިވާ މޭޒު ކުރިމަތީ މަޑުކޮށްލެވުނީއެވެ. އެހެން ހުއްޓައި ރީތިވާ މޭޒުމަތީގައި ހުރި ގަޑި ފެނުމުން ކުއްލިއަކަށް ޢިޒްވާއަށް ދިރުން އައިކަހަލައެވެ. އަވަސް އަރުވާލާފައި އަތްދަބަސް ހިފައިގެން ކޮޓަރިން ނުކުންނަން ހިނގައިގަންފައި އަނެއްކާ އެނބުރި އައިސް އެނދުކައިރީ އޮތް ފޯނުފޮށިގަނޑު ހިފައިގެން ކޮޓަރިން ނުކުތެވެ. އަދި ބަދިގޭގެ ކަބަޑެއްގެ ތެރެއިން ކޮތަޅެއް ނެގުމާއިއެކު އެއަށް އެފޮށިގަނޑު ލިއެވެ.

“ޢިޒްވާ، ތިފޮށްޓަށް ކީއްކުރަން ތިއުޅެނީ” ފަރްޝާއަށް ޢިޒްވާގެ ހަރަކާތްތައް ފެނިފައި ސުވާލުކޮށްލެވުނެވެ.

“މިދިން މީހާއަށް މީތި އަނބުރާ ދޭންކަމަށް މިއުޅެނީ، ދެން ދަނީ އިނގޭ މަންމާ، މިއަދު ކުޑަކޮށް ލަސްވެއްޖެ” ޢިޒްވާ މިހެން ބުނުމާއިއެކު އެޕާޓްމެންޓުން ނުކުންނަން ހިނގައިގަތެވެ.

އިމާރާތުން ބޭރަށް ނުކުމެވުމާއިއެކު އެހެންދުވަސް ދުވަހާއި ޚިލާފަށް ޢިޒްވާއަށް ބަލާލެވުނީ އެގޯޅިތެރޭގައި އެއްވެފައި އޮންނަ ގުރޫޕަށެވެ. އެތަނުގައި ޝަދަފު ފެންނަން ނެތުމުން ޢިޒްވާ މާޔޫސްވިއެވެ. އަދި އެނބުރި ގެއަށް ވަދެ އަތުގައި އޮތް ފޮށިގަނޑު ބާއްވާފައި އޮފީހަށް ދާނޭހާ ވަގުތެއް އޭރު ނެތެވެ. އެހެންވެ ޢިޒްވާ މަޑުކުރުމެއްނެތި އޮފީހަށް ދިއުމަށް ހިނގައިގަތީއެވެ.

“މިއަދު ހާދަ ބާރަކަށް، ގަޑިޖެހެނީތަ” ކުއްލިއަކަށް ފަހަތުން އައިސް ޢިޒްވާ އާއި އަރާހަމަކުރި ޝަދަފު މިހެން ބުނުމާއިއެކު ޢިޒްވާ ފިނިވާގޮތްވިއެވެ. އިސްޖަހާލެވުމާއިއެކު ފިޔަވަޅު ގުނަމުން ހިނގާފަދަ ގޮތަކަށް ޢިޒްވާ ކުރިއަށް ދިޔައެވެ.

“ނަމެއް ނުބުނާނަންތަ، ތީ ވަރަށް ފޮނިކުއްޖެއްދޯ، އެކަމަކު މޫނުމަތިން ހިޔެއްނުވޭ… ލައިގެން ތިހުރި ކުލަޔާއި ތިކުއްޖާ އާއި ވަރަށް ގުޅޭ އިނގޭ” ޝަދަފު އަނެއްކާ ވެސް ވާހަކަދެއްކިއެވެ. އެއާއިއެކު ޢިޒްވާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައީ އެއްވެސް އިޙުތިޔާރަކާއި ނުލައެވެ. މަޑުމަޑުން ޢިޒްވާ، ޝަދަފާއި ދިމާލަށް ބަލާލިއެވެ. އެހިނދު ޝަދަފުގެ ދުލުން ބަސްހުއްޓިގެން ދިޔަ ކަހަލައެވެ. ދެލޯ ބޮޑުކޮށްލެވުމާއިއެކު ޢިޒްވާގެ ދެލޮލަށް ނަޒަރު ހުއްޓާލެވުނެވެ.

“މިއޮތީ ފޯނު” މަޑުމަޑުން ޢިޒްވާ ބުނެލިއެވެ. އޭރު ވެސް ޝަދަފު ހުރީ ޢިޒްވާގެ ޖާދޫގައި ޖެހިފައި ހުރި ފަދަ ގޮތަކަށެވެ.

“އެކްސްކިއުޒްމީ، މިއޮތީ ޝަދަފު ދިން ފޯނު” ޢިޒްވާ ބުނިއެއްޗެއް ޝަދަފަށް އަޑުނީވުނުހެން ހީވުމުން ދެވަނަ ފަހަރަށް ބުނެލިއެވެ.

“ތީ އަހަރެން ތިކުއްޖާއަށް ދިން އެއްޗެއް، ތީގެން އަހަރެން ކުރާނޭ ބޭނުމެއްނެތް، އެހެންނޫނަސް ހެޔޮ ހިތުން މީހަކު އެއްޗެއް ދިނީމާ އޭތި އަނބުރާ ދިނުމަކީ ހުތުރުސިފައެއް ނޫންތަ” ޝަދަފު ބުނެލިއެވެ. ޢިޒްވާއަށް އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. ޝަދަފް އާއި ޖަދަލު ކުރާކަށް އޭނާ ބޭނުމެއްނުވެއެވެ.

“ތިހާ ރީތި އަޑެއް އޮންނައިރު ކީއްވެތަ ވާހަކަނުދައްކަނީ، ތިއަޑުގެ ސިހުރުގައި އެހެން މީހުން ޖެހިދާނެތީތަ” ދެން ވެސް ވާހަކަދެއްކީ ޝަދަފެވެ.

ޢިޒްވާ ހިނގަމުން އައިސް ވަކި ހިސާބަކުން ޝަދަފާއި ވަކިވިއެވެ. ދަނީއޭ ނުބުނެ ދިޔައީތީވެ ޝަދަފުގެ ހިތަށް އުނދަގޫތަކެއްވިއެވެ. އެކަމަކު މިއަދު އޭނާ އުފާ ވެސް ވެއްޖެއެވެ. ޢިޒްވާގެ އަޑު އެހާ ގާތުން އިވުނީތީއެވެ. ސިއްރުންނަމަވެސް އެ ރީތިރީތި ތުންފަތުން ހިނިތުންވުމުގެ އަސަރު ފާޅުވެގެން ދިޔަތަން ފެނުނީމައެވެ. އަދި ޢިޒްވާ އޭނާގެ ނަމުން މުހާތަބުކުރީމާ ވެސް މެއެވެ. ކުރެވެމުންދިޔަ އައު އިޙުސާސަށް ދޭނީ ކޮންނަމެއްކަމެއް އޭރު ނޭނގުނު ނަމަވެސް، ޝަދަފުގެ ހިތުގައި ޢިޒްވާއަށް ޚާއްޞަ މަޤާމެއް ދެވިއްޖެކަން އޭނާގެ ލޮލުން ފާޅުވަމުން ދިޔަ ޖަޒުބާތާއި ތުންފަތަށް ވެރިވެފައި ހުރި ލުއި ހިނިތުންވުން ހެކިދެއެވެ.

* * * *

“ތީ ކޯއްޗެއް، ޔޫލީގެ ހެދުންތަ، ނިމުނީ ދޯ” ޢިޒްވާގެ މޭޒުގައި ހުޅުވާފައި ހުރި ވަތްގަނޑު ފެނުމުން ސަމަރު ބުންޏެވެ. އޭނާ އައީ އާދައިގެ މަތިން ހެނދުނު ސައިބޯން ދާންވެގެން ޢިޒްވާ ބަލައެވެ.

“ނޫން، ޔޫލީގެ ހެދުން މާދަމާ ގެނެސްދޭނަމޭ ބުނެފިން، މީ އެއްކަލަ ފޯނު” ސިއްރުން ކަހަލަ ގޮތަކަށް ޢިޒްވާ ބުނެލިއެވެ. އެވަގުތު އޭނާގެ މޫނުމަތިން އެހެންޏާ ފެންނަ ފޫހިކަމުގެ އަސަރެއް ފާޅުވެގެން ނުދިޔައެވެ.

“މިހާރު ބޭނުންކުރަންފެށީތަ، ސޯ ތީގެ މާނަޔަކީ އިޒޫ އޭނާ ދިން ފޯނު އެކްސެޕްޓް ކުރީއޭ ދޯ” މިހެންބުނެ ދެމާނައެކުލެވިގެންވާ ފަދަ ގޮތަކަށް ސަމަރް ހިނިތުންވެލިއެވެ.

ނޭނގިހުރެ ވެސް މިއަދު ޢިޒްވާއަށް ޝަދަފުގެ ނަން ކިޔޭލެއް ގިނަވިއެވެ. އޭނާ އާއި ބެހޭގޮތުން އެކިއެކި ޚިޔާލު ސަމަރް އާއި ބަދަލުކުރަމުން ދިޔައެވެ. މިވަގުތު ޢިޒްވާގެ ހުރި އެންމެ ގާތް ރަޙުމަތްތެރިއަކީ އެއީކަމަށް ވީތީއެވެ. ދެއެކުވެރިން އޮފީސް ނިންމާފައި ގެއަށް ދިއުމަށް އޮފީހުން ނުކުންވަގުތު، ސަމަރް އެދުނީ އޭނާ އާއިއެކު ޢިޒްވާ އެގެއަށް ދިއުމަށެވެ. ބޭނުމަކަށްވީ އޭނާގެ މަންމަ އާއި ޢިޒްވާ ބައްދަލުކޮށްދިނުމެވެ. އަދި ޢިޒްވާއަކީ ރަނގަޅު ރަޙުމަތްތެރިއެއްކަން މައިންބަފައިންނާއި ޢާއިލާއަށް ބުނެދީ ދެފަރާތުގައި ގާތްގުޅުމެއް އުފެއްދުމެވެ. ޢިޒްވާ ފަދަ ހިތްހެޔޮ، އޯގާތެރި އެހެންމީހުންގެ އިޙްސާސްތަކަށް ޤަދަރު ކުރާ އަންހެން ކުދިން މަދުކަމަށް ވާތީއެވެ. ޢިޒްވާއަށް ސަމަރްގެ ދަޢުވަތު ޤަބޫލުކުރަން އުނދަގޫވިއެވެ. އޭނާއަކީ ނުދަންނަ މީހުންނާއި ކުރިމަތިލާން ޖެހިލުންވާ އަންހެން ކުއްޖަކަށް ވީމައެވެ. އެހެންނަމަވެސް ސަމަރްގެ ރަޙުމަތްތެރިކަން އޭނާއަށް އެކަން ކުރުމަށް ހިތްވަރަކަށް ވެގެންދިޔައެވެ. ސަމަރްގެ ގޮތް އެނގޭތީވެ އޭނާގެ ޢާއިލާ އާއި ބައްދަލުކުރަން އެގެއަށް ދެމީހުން އެކުގައި މިސްރާބުޖެހިއެވެ.

* * * *

ކޮންމެ ދުވަހެއްގެ ހެނދުނު ޢިޒްވާ އޮފީހަށް ދާގަޑީގައި، އޭނާގެ ފަހަތުން ޝަދަފު އާދެއެވެ. އެކިއެކި ވާހަކަތައް ދައްކަމުންނެވެ. ޢިޒްވާ ވެސް މިހާރު ހުންނަނީ ޝަދަފާޢި ބައްދަލުވާނޭ ކަމުގެ އުންމީދުގައެވެ. އެހެންނަމަވެސް ޝަދަފްހާ ދޫފަސޭހަނުވެފައި، ކުރިމަތިލާން ޖެހިލުންވާގޮތެއް އިޙްސާސް ކުރެވޭތީ ޢިޒްވާއަށް އަނގައިން ބުނަން ނުކެރެނީއެވެ. މިގޮތުގެ މަތީން ދެތިން ހަތަރު ދުވަސް ފާއިތުވެ ދިޔައިރު ޢިޒްވާ ދޭތެރެއަކުން ޝަދަފަށް ބަލާލާކަމާއި އޭނާ ޝަދަފު ދައްކާ ވާހަކަ އަޑުއަހާކަން ޝަދަފަށް ޔަޤީންކުރެވުނެވެ. އަދި މަޑުމަޑުން “ހޫން!” ފަދަ އަޑުއަޑު ޢިޒްވާ، ޝަދަފަށް ޖަވާބު ދިނުމުގެ ގޮތުން ލައްވާލައެވެ. ޝަދަފުގެ ދުވަހީ ތާވަލުގެ ތެރެއަށް ވަދެގެން ދިޔަ އެންމެ މުހިންމުކަމެއް ކަމުގައި މިހާރު ވެފައިވަނީ ޢިޒްވާ ދެކިލުމެވެ. ބެލްކަނީގައި ޢިޒްވާ ފެންނާނޭހެން ހީވާ ހުރިހާ ގަޑިތަކެއް ފާހަގަކޮށްގެން އެގަޑިތަކުގައި ޝަދަފު ނުކުމެ ހުރެއެވެ. ޝަދަފުގެ މިފަދަ ޢަމަލުތަކަށް ޢިޒްވާގެ ސަމާލުކަން ލިބެމުންދިޔައެވެ.

“ދެން ނަންބުނާނީ ކޮންދުވަހަކުން، ނޫނީ ދުވަހަކު ވެސް ނުބުނާން އަޒުމު ކަނޑައަޅައިގެންތަ ތިހުންނަނީ، އަހަންނަކަށް ފީލްއެއް ނުވޭ މިހާރު އަހަރުމެން ދެމީހުންނަކީ ނުދަންނަ ދެމީހުންކަމެއް، ތިކުއްޖާގެ ރަޙުމަތްތެރިއަކަށް ވާން ބޭނުން، ވެވިދާނެތަ…” ޢިޒްވާ އާއި އެއްވަރަށް ހިނގަމުން އައި ޝަދަފު ބުންޏެވެ.

“ޢިޒްވާ… ކިޔަނީ…” ފިނިވެފައި ހުރި ގޮތަކަށް މަޑުމަޑުން މިހެން ބުނެ ޢިޒްވާ ޝަދަފަށް ބަލާލިއެވެ.

ޢިޒްވާގެ ބަލާލުމުން ޝަދަފު ހިނިތުންވެލިއެވެ. އެމާނަފުން ބަލާލުމާއިއެކު ޝަދަފުގެ ފަރާތުން ލިބިގެން ދިޔަ ހިނިތުންވުން އެދެމެދުގައި އޮތް ބީރައްޓެހިކަން ކަނޑުވާލިއެވެ. ދެހިތުގެ ނާރުތަކުގައި އާވިންދެއް ޖަހާލިއެވެ. ދެމީހުންނަށް އެކަކު އަނެކަކުގެ ފަރާތުން ކަމުދާ އެތައް ސިފައެއް ފާހަގަވެގެންދިޔައެވެ.

“ޢިޒްވާ… ޢިޒްވާ… އެނަމުން ގޮވާލިއްޔާތަ އުފާވާނީ، ނޫނީ އިޒޫ ކިޔަސް އެންމެ ރަނގަޅުތަ” ޝަދަފު ވަރަށް އަސަރު ހުރި ގޮތަކަށް ޢިޒްވާގެ ނަން ދެފަހަރަކު ކިޔާލާފައި އަހާލިއެވެ. އެއާއިއެކު ޢިޒްވާ ހިނިއައިސްފައި ހުރެ ބޯޖަހާލިއެވެ.

“އިޒޫ… އިޒޫ ވަރަށް ލޯބިކަން އެނގޭތަ” ޝަދަފު ހިނގަމުންދިޔައިރު ޢިޒްވާގެ މޫނާ ނަޒަރު ވަކިކޮށްނުލާ ހުރެ ބުނެލިއެވެ. މިފަހަރު ވެސް ޢިޒްވާ ވާހަކަދެއްކުމުގެ ބަދަލުގައި ދެފަރާތަށް މަޑުމަޑުން ބޯހޫރާލީ ނޫނެކޭ ބުނުމުގެ އިޝާރާތެއްގެ ގޮތުންނެވެ.

ޝަދަފްއަށް ޢިޒްވާގެ ހުންނަ ލަދުވެތިގޮތް ވަރަށް ކަމުދިޔައެވެ. އަދި ޢިޒްވާ އާއި ގާތްވާން އޭނާއަށް މަސައްކަތްކުރެވެނީ ކީއްވެކަމެއް ނޭނގެއެވެ. ވަކި ހިސާބަކުން ޢިޒްވާ އާއި ވަކިވާންޖެހޭތީ އެކަމާ އޭނާގެ ހިތަށް އުނދަގޫވެއެވެ. ޢިޒްވާ ދެކެން ބޭނުންވެއެވެ. ހަމަމިއާއިއެކު ޢިޒްވާގެ ހާލަކީ ވެސް މިއީއެވެ. އޭނާއަށް ޝަދަފް ކަމުދާންފެށީ ކޮންއިރަކުކަމެއް ޚުދު އޭނާއަށް ވެސް ނޭނގެއެވެ. އޮފީހުގައި އިނެއްކަމަކު އޭނާގެ ޚިޔާލުތަކުގައި ޝަދަފުގެ ސޫރަ އެނބުރެންވަނީ ފަށާފައެވެ. ގެއަށް އައިސްފިނަމަ އޭނާއަށް ކުރެވޭ ކަމަކީ ބެލްކަނީގައި ގިނަވަގުތު ހޭދަކުރުމެވެ.

ގޭގައި އިތުރު މަސައްކަތެއް ކުރަން ބޭނުންވެފައި ހުރި ޢިޒްވާއަށް ޔޫލީގެ ހެދުން ފަހައިދިނުންވީ އެމަގަށް ހުޅުވުނު ދޮރަކަށެވެ. އޭނާއަށް އޮފީހުގައި އުޅޭ އެހެން ކުދިންގެ ފަރާތުން މަސައްކަތް ލިބެންފެށިއެވެ. ޢިޒްވާގެ ފެހުމާއިމެދު އެންމެންގެ ފަރާތުން ވެސް ލިބެމުން އައީ ތަޢުރީފެވެ. އެހެން އިތުރަށް އެމަސައްކަތައިގެން ކުރިއަށް އޭނާ ދިއުމަށް ހިތްވަރު ލިބިގެން ދިޔައެވެ. ފަރުޝާ ހުރީ އޭނާގެ ދަރިފުޅަށް ލިބުނު ކުރިއެރުން ފެނި ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. އޭނާއަށް ނޭނގޭ ކަމަކީ ޢިޒްވާގެ ހިތުގައި ފިރިހެނަކަށް ޖާގައެއް ދެވެމުން އަންނަ ކަމެވެ. އެފަދަ ޝައްކެއް ވެސް ފަރުޝާއަށް ޢިޒްވާގެ ފަރާތުން ނުވެއެވެ.

ޝަދަފު ބެލްކަނީގެ ހިލައިގެ ރެއިލިންގައި އަތްއަޅުވާލައިގެން ހުރިތަން ފެނުމާއިއެކު ޢިޒްވާ އަވަސް އަވަހަށް ސަމަރްއަށް ގުޅާލުމާއިއެކު ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ބެލްކަންޏަށް ނުކުތެވެ. އެތަންފެނި ޝަދަފުގެ މޫނުމައްޗަށް ވަގުތުން އުފާވެރިކަން ވެރިކަން ވެރިވެގެން ދިޔައެވެ. ގޮވާލަން އޭނާ އުޅެފައި ވެސް މަޑުކޮށްލީ ޢިޒްވާ ފޯނުގައި ހުރީތީއެވެ. އެހެންނަމަވެސް ޝަދަފު، ޢިޒްވާއަށް ނިތްއަރުވާލިއެވެ. އެހިނދު ޢިޒްވާ އެއްފަރާތަކަށް އެނބުރިލީ އޭނާގެ ކަންފަތުގައި ޖައްސާލައިގެން ހުރި ފޯނު ޝަދަފަށް ދައްކާލާފަދަ ގޮތަކަށެވެ. އޭނާގެ ބޭނުން ފުދުނު ކަހަލައެވެ. ޝަދަފުގެ ލޮލުގައި ފޯނު އަޅައިގަތެވެ. އެއީ އޭނާ ޢިޒްވާއަށް ދިން ފޯނެވެ. ޢިޒްވާ އެފޯނު ބޭނުންކުރަންފެށީއެވެ. ޝަދަފު ހިނިއައިސްފައި ހުރިއިރު އަނގައިގައި ހުރި ބައެއްދަތްތައް ފެންނަން ހުއްޓެވެ. އަދި އެއްއަތުން އޭނާގެ ފަންއިސްތަށިގަނޑުގައި އަތްހާކާލިއެވެ.

“ޑިފީ… ޑިފީ…” ކުއްލިއަކަށް ޝަދަފުގެ ކޮޓަރިތެރެއިން ލާފައި ބެލްކަންޏަށް ނުކުތީ ޔޫޝައުއެވެ. މީހެއްގެ ހިލަމެއްވީއަޑު ޢިޒްވާއަށް އިވުމުން އަވަސް އަވަހަށް އެނބުރި އެތެރެއަށް ވަނުމަށް ހިނގައިގަތެވެ. ވަގުތުން ޝަދަފުގެ މޫނުމަތިން ވެސް މާޔޫސްކަން ފެނިގެން ދިޔައެވެ.

“ކިހިނެއްވީ” ޝަދަފު ވެސް އެނބުރިލީ ޔޫޝައު އާއި ކުރިމަތިލާށެވެ.

“މިރޭ ޑިނާ އޮތީ ރަސަލް އަންކަލްމެން ގޭގައި، އެންޑް އައިއެމް ލީވިންގް ޓުމޯރޯ، މިހާރު މިކޮޅަށް އައިފަހުން މަންތެއްވާން އުޅެނީ، އެހާ ބޮޑު ބްރޭކެއް ނަގައިގެން ނުހުރެވޭނެ… މޮމްއަށް ވިސްނާދޭނީ ކިހިނެއްބާއޭ ހިތައްއަރާ، ޝީޒް އޯވާރިއެކްޓިންގް، އޯ ގޯޑް” ޔޫޝައު ކަމަކާ ބޯގޮވައިގެންކަން އެއުޅެނީ އޭނާގެ ވާހަކައިން ޝަދަފަށް އެނގުނެވެ.

“މަންމަވީމަ އުޅޭނީ އެހެންނު، ޔޫޝްދެކެ ލޯބިވާވަރެންނު އެއެނގެނީ، އެކަމާދެން އަޅާނުލާބަލަ، ކޮންއިރަކުތަ ރަސަލް އަންކަލްމެންގެއަށް ދަނީ، އެއީ ކިހިނެއް ހަމަޖެހުނު ކަމެއް، އަހަރެން އަދި ނަވާ ގާތު ބުނެގެން މިހުންނަނީ މިރޭ އެގެއަށް ދާނަމޭ” ޝަދަފު އައިސް ޔޫޝައުގެ ކޮނޑަށް އަތްވައްޓާލިއެވެ. އަދި ދެބެން އެކުގައި ކޮޓަރިން ނުކުމެގެން ދިޔައެވެ.

ބޮޑުކޮޓަރިއަށް އައިއިރު އަސްމާހާނާއިއެކު ސޯފާގައި އިން ރީޝަމް ފެނި ޝަދަފް ހައިރާންވިއެވެ. ޔޫޝައު އާއި ދެބެން ފެނުމުން އަސްމަހާނު އެދެބެންނަށް ގޮވާލާފައި އެމީހުންގެ ގާތުގައި އައިސް އިށީނުމަށް އެދުނެވެ.

“މަންމާ، ކުއްލިގޮތަކަށް ކަންކަން ހަމަޖެއްސެވީމާ އަޅުގަނޑުމެންގެ ޕްލޭންތައް ބަދަލުކުރަން މިޖެހެނީ” ޝަދަފު ލުއި ހިނިތުންވުމެއް ރީޝަމްއަށް ދިނުމާއިއެކު އަސްމަހާނަށް ބުނެލިއެވެ. އޭރު އޭނާ އާއިއެކު ޔޫޝައު ވެސް ސޯފާގައި އިށީންނަނީއެވެ.

“އަސްމައައްތަގެ މައްސަލައެއްނޫނޭ އެއީ، މަންމަ އެހާ ކުރިން ބުނުއްވީމަ ވެސް އަޅުގަނޑު ހަނދާންނެތުނީ” މަޑުމަޑުން ރީޝަމް ބުނެލިއެވެ.

“އެހެންވެދާނެ، ހަނދާންނެތުމަކީ މައްސަލައެއްނޫން، ޝަދަފު، އެހާ މުހިންމުކަމެއް ނޫނިއްޔާ މިރޭ ކެންސަލްކޮށްލަން މަންމައަށް ފެންނަނީ، ޒަބާ ބުނެފައި އޮތީ މިގޭ ހުރިހާ ކުދިން ވެސް ގޮވައިގެންނޭ އަންނަންވާނީ” އަސްމަހާނު މިހެން ބުނުމުން ޝަދަފު އިތުރަށް އެއްޗެއް ބުނާކަށް ބޭނުމެއްނުވިއެވެ.

އިރާކޮޅު ޢާއިލާގެ ހުރިހާ މެންބަރުންހެން ތައްޔާރުވަމުން ދިޔައީ ރަސަލްމެންގެއަށް ދިއުމަށެވެ. ރީޝަމް މާގިނައިން އައިސް އެގޭގައި އުޅޭތީ ޝަދަފަށް އުނދަގޫވާގޮތެއް ވިއެވެ. އެހެންނަމަވެސް އެކަން ފާޅުކުރާކަށް އޭނާއަކަށް ނުކެރުނެވެ. ރީޝަމްއަކީ އެއްއިރެއްގައި އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާއެވެ. އަދި މިހާރު ވެސް ރީޝަމްގެ ފަރާތުން ފެންނަނީ އެފަދަ ގާތްކަމެކެވެ. އެކަމަކު މިހާރު ޝަދަފުގެ އެންމެ ގާތް ރަޙުމަތްތެރިއަކީ ރީޝަމްއެއް ނޫނެވެ. މިހާރު ޤަބޫލުކުރެވި ދެކެވެނީ ރީޝާމްއަކީ ޢާއިލާކުއްޖެއްގެ ގޮތުގައެވެ. ދެޢާއިލާގެ މެދުގައި އޮންނަ ގާތް ގުޅުމުގެ ސަބަބުންނެވެ. ޝަދަފްއަކީ އެއްވެސް އިރެއްގައި އަންހެންކުދިންގެ ހިތުގައި ޖެހޭފަދަ ކަމެއް ކުރި ޒުވާނެއް ނޫނެވެ. އެހެންވެ ރީޝަމް މާބޮޑަށް ދުރުކޮށްލަން ނުކެރެނީ އޭނާ ދެރަވެދާނެޔޭ ހިތަށް އަރާފައެވެ. ރީޝަމްއަށްޓަކައި ވަގުތު ހުސްކުރެވެން ނެތަސް އެކަން ކުރަނީ ވެސް އެހެންވެއެވެ. ދެރައީ ޝަދަފުގެ ހިތްހެޔޮ ކަމާއި އޯގާތެރިކަމުން ރީޝަމްގެ ޒުވާން ހިތާއި ޅަސިކުނޑިއަށް އޮޅިގެންދިއުމެވެ. ޝަދަފުގެ ހަރަކާތްތަކުން އެއަންހެން ކުއްޖާގެ ޝަދަފަށް ލެބެމުންދިޔަކަމެވެ. ކުރަމުންދިޔަ ދިގު އިންތިޒާރު ނިމުމަކަށް އައުން ކައިރިވެއްޖެކަމުގައި ހީކުރެވެމުންދިއުމެވެ.

ކާމޭޒުގެ އެއްފަރާތުގައި ތަރަފްގެ ޢާއިލާ ތިބިއިރު އަނެއްފަރާތުގައި ތިބީ ރަސަލްގެ ޢާއިލެވެ. ޝަދަފު ހީވަނީ އެއްކަމެއް ކުރުމަށް ޕްރޮގްރާމްކޮށްފައި އިން ބުދެއްހެންނެވެ. އޭނާ އާއި ދިމާލަށް ކޮންމެ މީހަކު ބަލާލުމުން ހިނިތުންވެލުން ފިޔަވައި އިތުރުކަމެއް އޭނާ ނުކުރިއެވެ. ބައެއްގެ ތެރެއަށް އައިސް އިނދެ އެންމެ ކުޑަމިނުން އަތުކުރީ އޮތް ގަޑިއަށް ވެސް ބަލާލަން އޭނާއަށް ނުކެރުނެވެ. އޭރުން ވެސް އޭނާ އެއިނީ ލަސްވެފައިހެން އެހެން މީހުންނަށް ހީވެދާނެތީއެވެ. މަޑުމަޑުން އުނގުމަތީ އަޅާލާފައި އޮތް ތުންފުހި ރަނގަޅުކޮށްލާކަމަށް ހާދާލާފައި މޭޒުދަށުން އަތުކުރީ އޮތް ގަޑިބަލާލިއެވެ.

“މިހާރު އިޒޫ ހުންނާނެކަންނޭނގެ އަހަރެންގެ އިންތިޒާރުގައި… މިއަށްވުރެ މާރަނގަޅުވީސް ނަވާ އާއިއެކު އެގެއަށް ދިޔަޔަސް” ފޫހިވެފައި އިންގޮތަކަށް ޝަދަފު ހިތާހިތުން ބުނެލިއެވެ.

“ކޮންއިރަކުންތަ ޝަދަފު ކޮމްޕެނީ އާއި ގުޅެނީ” ރަސަލް ބުނެލިއެވެ.

“އަދި އޭނާގެ އެކަހަލަގެ އެއްވެސް ޚިޔާލެއް ހުރިހެނެއް ހިޔެއްނުވޭ، މިހާދުވަހު ކިޔަވުމުގައި އުޅެފައި އައީމަ ކަންނޭނގެ” ތަރަފް ބުނެލިއެވެ.

“އޭގެ ކުރިން މީހަކާ ކަންނޭނގެ އިންނާނެ” ޒަބާ މިހެން ބުނެލުމުން ޝަދަފުގެ އަތުގައި އޮތް އޫ ތަށީގެތެރެއަށް ދޫވެގެން ދިޔައަޑުއިވުނެވެ.

“ހީޒް ވެރީ އެކްސައިޓެޑް” ކުއްލިއަކަށް ޔޫޝައު އިނދެފައި ލާނެތްގޮތަކަށް ބުނެލިއެވެ. ދެލޯބޮޑުކޮށްލެވުމާއިއެކު ޝަދަފަށް ހައިރާންވެފައި އޭނާގެ މައިންބަފައިންގެ މޫނަށް ބަލާލެވުނެވެ. އެންމެން އެއްފަހަރާހެން ހީނގަތްއަޑު ތަނުގައި ގުގުމާލިއެވެ.

“މޮމް ޕްލީޒް، ޑޯންޓް ޓީސް ހިމް” ރީޝަމް ރަކިވެފައި އިނދެ ވެސް ޒަބާގެ ވާހަކަތައް ހުއްޓުވަން ބޭނުންވިއެވެ.

“އެހެމް… އެހެމް… އަޅުގަނޑު އެހާ އަވަހަކަށް މީހަކާ އިންނާކަށް ގަސްދެއްނުކުރަން، ޔޫޝްކޮއްކޮ ހީވަނީ ވަރަށް މެރީކުރާހިތުން އުޅޭހެން” ޝަދަފު، ޔޫޝައުއަށް ޖެއްސުންކޮށްލަން ބޭނުންވިއެވެ. އެންމެންގެ ސަމާލުކަން ޔޫޝައުއަށް ހުއްޓާލުމަށް ގަސްދުކޮށެވެ.

ރޭގަނޑުގެ ކެއުން ނިންމާލުމާއިއެކު ޢާއިލާގެ ބޮޑެތި މީހުންނާއި ކުދިން ގޭގެ އެކިކޮޅުކޮޅަށް ގޮސް ގެއްލިއްޖެއެވެ. ރަސަލްމެންގޭގައި ހަދާފައި އޮތް ކުޑަކުޑަ މަސްފެންގަނޑު ކައިރީ ހުރި ދަގަނޑު ގޮނޑީގައި ޝަދަފު އިށީނދެލައިގެން އިނެވެ. ފެންގަނޑައިޖެހިގެން ހުރި ބޮޑުގަނޑުގެ އޮފިތައް އެލިފައި އޮތްގޮތުން އެމަންޒަރު ވަރަށް ހިތްގައިމެވެ. ފެންގަނޑަށް އަޅުވާފައި ހުރި އަލިން މުޅީ އެހިސާބަށް ފަނޑުއަލިކަމެއް ވެރިވެފައި ހުއްޓެވެ. ދެފައިގައި އަތްއަޅުވާލައިގެން ކުޑަކޮށް ގުދުވެލައިގެން އިނދެ މަސްފެންގަނޑަށް ބަލަން ޝަދަފު އިންދާ މީހަކު އައިސް އޭނާގެ ގާތުގައި އިށީނެވެ. އެހިނދު ނޭފަތުގައި ޖެހުނު ލުއިލުއި މީރުވަހުން ހިތްފުރި އުތުރުއަރަން އުޅުނު ކަހަލައެވެ. އެހާވެސް ހިތްގައިމު ހައްޓަށް އަރާމުލިބިގެންދާފަދަ ލުއިލުއި މީރު ވަހެކެވެ. ހަށިފުރާލީ ނޭވާ އާއިއެކު ގާތުގައި އިނީ ކާކުތޯ ބަލާލުމަށް ޝަދަފު ބޯއަރިކޮށްލިއެވެ.

“ހާދަ އެކަނި، މަންމަ ދެއްކި ވާހަކައިން ހިތްހަމަނުޖެހިފަތަ” ޝަދަފު އާއި އެއްގޮނޑިއެއްގައި އިށީނދެލައިގެން އިން ރީޝަމް އަހާލިއެވެ.

“ނޫން، އެނގޭ މަޖާކޮށްލީކަން، މިތާ މިއިނީ ޕޮންޑު ބަލާލާހިތުން” ޝަދަފު ހަށިގަނޑު ތެދުކޮށްލުމާއިއެކު ރީޝަމް އާއި ކުރިމަތިވާ ކަހަލަ ގޮތަކަށް އެނބުރިލިއެވެ.

“މަންމަމެން އެބަކިޔާ ތާސްޑޭގައި ރިސޯޓަކަށް ދާވާހަކަ، ޑިފީ ދާންނަންތަ، ދެފެމެލީ އެކުގައި ދާން ރާވަނީ” ރީޝަމް ހިތްއަވަސްވެފައި އިން ފަދަ ގޮތަކަށް ބުނެލިއެވެ.

“އަދި ނޭނގެ، އަހަރެން އެހާ ދާހިތެއްނުވޭ” ޝަދަފު ކުޑަކޮށް ވިސްނާލާފައި ބުނެލިއެވެ.

“އެކަމަކު ޑިފީ ނުދަންޏާ ވަރަށް ފޫހިވާނެ، އަހަންނާއިއެކު އުޅޭނެ މީހަކު ވެސް ނުހުންނާނެ، އަސްލު އަހަރެން ވެސް އެހާ ނުވޭ ދާހިތެއް، ފެމެލީ ކަމެއްވީމާ ބައިވެރިނުވެއެއް ވެސް ނުވާނެ އެންނު ދޯ… އެނީވޭސް ވަރަށް ދެރަވޭ ޑިފީ ނުދާތީ” ރީޝަމް ތަންކޮޅޭއް ގޮތްބޮޑުކޮށްލިއެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *