“ކޮބާ އެކޮޓަރީގެ ކަރޓެއިންތައް ބަދަލުކުރީތަ، ކުޝަންތަކާއި ކޭންޑްލްތައް ގެންގޮސްފިންތަ” އަސްމަހާން ކެތްތެރިކަން ކުޑެވެފައި ހުރި ފަދަ ގޮތަކަށް ބުނެލި އެވެ.
“ލައްބަ މެޑަމް” އެންމެ އިސް ހާދިމެއްގެ ގޮތުގައި މަސައްކަތްކުރާ އަމޯރާ ކިޔަމަންތެރިކަމާއިއެކު ބުނެލި އެވެ.
“އެއްކޮށް ސާފުކޮށް ނިމުނިއްޔާ ކޮޓަރި ތަޅުލާފައި އަހަންނަށް ތަޅުދަނޑި ގެނެސްދީ، މިހާރު ތަރަފް ގެއަށް ދުރުވާނެ، އޭނާ ދުރުވަންވާއިރަށް ހުރިހާ ކުނިބުންޏެއް ނަގާ ބޮޑުކޮޓަރިތެރެ ފެންފޮތިލާންވާނެ، މާބަލްތަޅުމުގައި ހިނގާލާފައި ދާއިރު އަހަރެންގެ މޫނު ފެންނާނޭ ވަރަށް އޮފުއަރަންޖެހޭނެ” އަސްމަހާން މިހެން ބުނިއިރު އަޑުގައި ހުރީ އަމުރުވެރި ގޮތެކެވެ.
“މެޑަމް، ފާޚާނާގެ މަސައްކަތްތައް އެއްކޮށް އަދި ނުނިމޭ، އެހެންނަމަވެސް ކާޓެއިންތައް އަޅުވައިފިން، އެނދުގެ ތަންމަތި ތައްޔާރެއްނުކުރެވޭ، ކޮޓަރި ސާފުކުރެވެން އަންނަނީ އެތަން އެއްކޮށް ނިމުނީމަ، އިންޓީރިއާ ޑިޒައިންހަދަން އައިސްތިބި ދެމީހުން އަދިވެސް އެތަނުގައި އެމީހުންގެ މަސައްކަތުގައި އެބައުޅޭ، އެކަމަކު ބޮސްދުރުވަންވާއިރަށް އަޅުގަނޑު ޝެލީން އާއި އުސައިދުލައްވާ ބޮޑުކޮޓަރި ސާފުކުރުވާނަން” ހަލުވިކޮށް ހިނގާލާފައި ބަދިގެ އާއި ދިމާލަށް ދިޔަ އަސްމަހާންއަށްވުރެ އެއްފިޔަވަޅު ފަހަތުގައި ހުންނާނޭ ވަރަށް ހިނގަމުން ތަފްޞީލީ ރިޕޯޓެއް ހުށަހަޅައިދިން ފަދަގޮތަކަށް އަމޯރާ ކިޔާދިނެވެ.
ސްޓަރލައިޓް ހޭވަންގައި އިންޓީރިއަރ ޑިޒައިނަރސްތައް ހަރަކާތްތެރިވަމުންދާއިރު އެމީހުން އައިސް ތިބީ އެގެގޭގެ އެންމެ ކޮޓަރިއެއް ތައްޔާރުކުރުމަށްޓަކައެވެ. ދެން އައިސް ތިބި ބަޔަކީ އެރޭ އެގޭގައި ފާހަގަ ކުރަން ނިންމާފައި އޮތް އުފަންދުވަހު ޕާޓީގެ ކަންތައްތައް އިންތިޒާމު ކުރުމަށް އައިސް ތިބި މީހުންނެވެ. ހުރިހާ ކަމެއްގައި އިސްނަގައިގެން އުޅެމުންދިޔައީ ގޭގެ ވެރިޔާ ތަރަފްގެ އަލަތު އަނބިމީހާ އަސްމަހާނެވެ. ތަރަފްގެ ގިނަ ވަގުތަކީ ވިޔަފާރީގެ ދުނިޔެއަށް ހުސްކޮށްލެވިފައިވާ ވަގުތުތަކެކެވެ. އެހެންވެ ގޭތެރޭގެ ހުރިހާ ޒިންމާއެއް ހަވާލުވެފައި އޮންނަނީ އަސްމަހާނަށެވެ. އެވަރަކުން އަސްމަހާނު ތެޅިފޮޅިގަނެގެން ހުރިހާ ކަމެއް ކުރަން ފައިވިއްދާލައިފައި ހުރީ އޭނާ އާއި ތަރަފްއަށް ލިބުނު ތިންކުދިންގެ ތެރެއިން މެދަށް ލިބުނު ޝަދަފް އޭނާގެ ކިޔެވުން ނިންމާފައި މާލެ އަންނާތީއެވެ. އޭގެ އިތުރުން މިރޭގެ ބާރައިގެފަސް ވާނީ އެކުއްޖާގެ އަށާވީސްވަނަ އުފަންދުވަހަށެވެ. އެހެންވެ ދަރިފުޅު ގާތުގައި ހުރި ފަހަރު ކުލަގަދަކޮށް އެކަން ފާހަގަކޮށްދޭން އަސްމަހާނު ބޭނުންވީއެވެ.
“މޮމް… އިޒިންޓް އިޓް ޓޫ މަޗް، ޑިފީ ލައިކްނުވެއްޖެއްޔާ ހުރިހާ ކަމެއް ބޭކާރު، އެއީ ނުލާހިކު ފޮނި އާދަމުގެ ދަރިއެއް” އީޝާ ކޮފީ މެޝިން ކައިރީ ހުއްޓާ އެތަނަށް އަސްމަހާނު ވަންތަން ފެނިފައި ބުނެލިއެވެ. އޭނާއަށް ވެސް އަސްމަހާނު ކުރާ ޚަރަދުތަށް ފެންނަމުންދިޔައެވެ. ބައެއްފަހަރު މަންމަގެ އެންމެ ޚާއްޞަ ކުއްޖަކީ ޝަދަފްއޭ ވެސް ހީވާ ކަހަލައެވެ.
އިޝާއަކީ ޢާއިލާގެ އެންމެ ދޮށީ ކުއްޖާ ކަމުގައިވިޔަސް އޭނާއަކީ ކަންތައްތަކާއި މާބޮޑަށް އަޅާލާ ހަދާ އަންހެން ކުއްޖެއްނޫނެވެ. އޮސްޓްރޭލިއާގައި ކިޔެވުން ނިންމާލާފައި މާލެ އައިގޮތަށް އޭނާ ތަރަފްގެ ގާތުން އެދުނީ ކައިވެންޏަށެވެ. ޔުނިވަރސިޓީއިން ލީވާން ދިމާވީއްސުރެން އޭނާއަށް އީޝާގެ ހިތްވަނީ ދީއްލާލާފައި ވިއްޔާއެވެ. ލީވާނަކީ ތަރަފް އާއި އަސްމަހާނުމެން ބޭނުންވާ ފަދަ ޢާއިލާއަކުން އައިސްފައިވާ ކުއްޖަކަށްވާތީ އެކަމަށް އެއްވެސް ހުރައެއްނެތެވެ. އުފަލުން ތިބެ އީޝާގެ ކައިވެނި ރިސޯޓުގައި ބާއްވާލަދިނެވެ. ކައިވެނި ކުރުމުން އީޝާގެ ހުންނަ ކަންފަސޭހަގޮތް ބަދަލުވެ ތަންކޮޅެއް ހަރުދަނާވާނޭ ކަމުގައި ތަރަފް އުންމީދުކުރިއެވެ. އެހެންނަމަވެސް އީޝާ ވީ ހަމަ އޭނާއަށެވެ. އޭނާގެ ޠަބީޢަތުގައި އެހުންނަގޮތެއް ނުކެނޑުނެވެ. ލީވާން އާއި ދެކުދިން އުޅެމުން އައީ އީޝާ މެންގޭގައެވެ. އަސްމަހާނު އެއްގޮތަކަށްވެސް އޭނާއަށް ލިބުނު ހަމައެކަނި އަންހެން ދަރިފުޅު ދުރަށް ފޮނުވާލާކަށް ބޭނުމެއްނޫނެވެ. މީހުންނަށް އެހާ ފަސޭހައިން އިތުބާރު ކުރުމަކީ އޭނާއަށް ވަރަށް އުނދަގޫކަމެކެވެ.
ގޭގެ ހުރިހާ މަސައްކަތެއްގައި ހޭބޯނާރާ ހާދިމުންތައް ހަރަކާތްތެރިވާތަން ފެންނަމުން ދިޔައެވެ. އޭގެ އިތުރުން މެންދުރަށް ކައްކަންވާއިރަށް އެގެއަށް ޚާއްޞަކުރެވިގެން އަންނަ ޝެފު ނާންނާތީ އެކަމާ އަސްމަހާން ކަންބޮޑުވިއެވެ.
“އަމޯރާ… ޑޭވިޑް ކޮބާތޯ ބަލާ، އޭނާ މިހާރު ހުންނަންޖެހޭނީ މިގޭގައި، ލަސްވާން ވެސް އެނގުނީ މިއަދުތަ، ފޮނި އެއްޗިހި ތައްޔާރުކުރުމަށް އަންނަ ޝެފް ކޮބާތޯ ވެސް ބަލާތި، ދެން ދޭ” އަސްމަހާނު، އީޝާ ބުނި އެއްޗެކަށް މާބޮޑުފަރުވާލެއް ނެތި އަމޯރާއަށް އިރުޝާދު ދިނެވެ. އެއާއިއެކު އަމޯރާ ލޯމަތިން ގޮސް ގެއްލިއްޖެއެވެ.
“އީޝް، މަންމަ ކިހާ ވަރަކަށްތަ ބުނަންވީ ތިހާ ވަރަށް ކޮފީ ނުބޯށޭ، އިޓްސް ނޮޓް ގުޑް ފޯރ ޔޯ ހެލްތް، މޭޒުމަތީގައި ހުރި ފުރުޓު ބާސްކެޓާ މިކުއްޖާ ކައިރިނުވާނެ އޮޅިގެންވެސް” އީޝާ ތުނބުގައި ޖަހާލި ކޮފީތަށީގެ ފޮނުކޮޅު އެރީތި މަޑުމަޑު ފިޔާތޮށިކުލައިގެ ތުނިތުންފަތުގެ މަތީގައި ހޭކިފައި ހުރިތަން އަސްމަހާނަށް ފެނި ބުނެލިއެވެ. އަދި ކަބަޑުމަތީ ނެޕްކިން އަޅާފައި ހުރި އެތިން ޓިޝޫފާޑުގެ ނެޕްކިނެއް ނަގާ އީޝާގެ އަތަށް ދިއްކޮށްލިއެވެ.
“މޮމް… ޔޫޝައު ކޮއްކޮ ނާދޭތަ، ބައްޕަ ބުނުއްވި ޑިފީ އާއި އެއްދުވަހަކުއޭ ޔޫޝައު ކޮއްކޮ ވެސް އަންނަނީ” އީޝާ ދެވަނަ ފަހަރަށް ކޮފީތަށީގައި ތުންފަތްޖަހާލާފައި އެދިފޮދެއްބޯލަމުން ބުނެލިއެވެ.
“އެކުއްޖާ އަންނަނީ ޓްރާންސިޓްކޮށް، ފްލައިޓްގައި ގިނައިރު އިނުމަކީ އެކުއްޖާއަށް ލިބޭ އުފަލެއް، އަހަރެންނަމަ ރުޅި ގަދަވެގެން ހަލާކުވީސްކަން ޔަޤީން، އެހެންނޫންނަމަ ޝަދަފްއަށްވުރެ އަވަހަށް އެކުއްޖާއަށް އާދެވޭނެ” އަސްމަހާނުގެ ތުންފަތުގައި ލުއިހިނިތުންވުމެއް ދުވެލިއެވެ.
“ޕައިލެޓްކަން ކިޔަވާތީއޭ އެހާ ފްލައިޓްދެކެ ލޯބިވަނީ، ޑިފީއަކީ ބޯރިންގ ޕަރސަންއެއް، އެހެންވެ އެހާ ފޫހި އެއްޗެއް ކިޔަވައިގެން އެއަންނަނީ” އީޝާ މޫނަށް ވައްތަރެއް ޖައްސާލަމުން އައިސް ބަދިގޭގެ މެދުގައި ހުރަހަށް ހުރި ކަބަޑުތަކުގެ ކައިރީ ތަންކޮޅެއް އުސްކޮށް ހަދާފައި ހުރި ގޮނޑިއެއްގައި އިށީނެވެ. އަދި ގޮނޑިއަށް ފައިނެގުމުން އަސްމަހާން ވަގުތުން ދެލޯ ބޮޑުކޮށްލިއެވެ.
“އީޝް، މެނަރސް ކޮބާތަ، ސޯޓުކޮޅުވާވަރު ތިހިރީ، އިށީންނަ ގޮނޑިއަށް ފައިނެގުމަކީ ވަރަށް ހުތުރުކަމެއް، ނަސީބެންނު މިތަނުގައި އެހެން މީހަކު ނެތްކަން، ކޮބާތަ ލީވާން، ބްރެކްފަސްޓް ނަގަން މޭޒުކައިރިން މިއަދަކު ތިޔައިގެ ދެކުދިންނެއް ނުފެނޭ، އަދިވެސް ނިދާފަތަ” އަސްމަހާން މޭވާވަށިގަނޑުން އާފަލެއްނަގާ ފަޅިކޮށްލުމާއިއެކު ބުނެލިއެވެ. އޭނާ ވެސް ހެނދުނުންފެށިގެން ތެޅިތެޅި މުޅިން ލޮޑުވެފައިހުރި ކަހަލައެވެ.
“ލެވީ ހެނދުނު ހޭލައިގެން ބޭރަށްގޮސްވީ، ހުރިހާ އެންމެން ޑިފީއަށް ގިފްޓުތައްޔާރުކުރަނީ، އަހަންނަކަށް ނޭނގުނު ޑިފީއަށް ދޭނީ ކޮންއެއްޗެއްކަމެއް، ސީރިއަސްލީ މޮމް” އީޝާ ކުޑަކުއްޖެއްފަދައިން މޫނުހަދާލަމުން ބުނެލިއެވެ.
“ތިކަމާ ވާހަކަދައްކާނީ ފަހުން، އިހަށްދޭ ތިސޯޓު ބާލައިގެން އަންނަން، ކައިވެނިކުރީމަ ތިވަރުގެ ކުރު ސޯޓުކޮޅުލައިގެން ނޫޅޭށޭ ބުނީމެންނު، ލަދުން ބޯހަލާކުވެދާނެ، އީޝްގެ ހެދުން އެޅުމުގެ ވައްޓަފާޅި ހުންނަގޮތުން މަންމަ ހާޓްއެޓޭކެއް ނުޖެހި މިހުންނަނީ ކިރިޔާ، ދެންވެސް ދޭބަލަ ތި ބަދަލުކުރަން، އޭގަފަހުގައި ޝަދަފަށް ދޭނެ ހަދިޔާ އަކާއިމެދު މަޝްވަރާކުރާނީ” އަސްމަހާނު ބުންޏެވެ. އަދި ކުރިމަތީގައި ހުރި ބިއްލޫރިތައްޓަށް ސޮޑާފެން އޮއްސާލިއެވެ. އާފަލާއިއެކު ފަޅާލި ބޮޑުލުނބޯގެ ފޮއްޗެއް އެއަށްވައްޓާލުމައިއެކު އައިސްކިއުބްކޮޅެއް އަޅާލިއެވެ. ފުންނޭވާއެއްލަމުން އަސްމަހާނު ތަށިނަގާ އޭނާގެ ނިތްކުރީގައި ޖައްސާލަމުން ގޮނޑީގައި އިށީނެވެ.
“އަދި ހާދަކަމެއް އެބަހުއްޓޭ ނުނިމި، ހަފްތާއެއްވަނީ ޑިޒައިނަރސް ގެނެސްގެން މަސައްކަތްކުރާތާ، އެކަމަކު އަދިވެސް އެމީހުންނަށް އެކަންތައްތައް ނިންމޭގޮތެއް ނުވޭ، މިރޭގެ ޕާޓީ ވަރަށް ފުރިހަމަވާން އަހަރެން ބޭނުން، ހާސްވެފައި ހުރިވަރުން އެލިސްޓު ލެވުނީ ކޮންތާކަށްބާ، އަމޯރާ އަތަށް ދެވުނީ ކަންނޭނގެ” މަޑުމަޑުން އެތިފޮދަކަށްފަހު އެތިފޮދެއް ތަށިން ބޯލަމުން އަސްމަހާނު އެކަނި އިނދެ ވާހަކަދެއްކިއެވެ.
* * * *
ތުނބުގައި ފެންފުޅި ޖަހާލިގޮތަށް ބާކީހުރި ހުރިހާ ފެނެއް ޢިޒްވާ ބޮއެ ހުސްކޮށްލިއެވެ. އަދި މޭޒުގެ ކައިރީ ހުރި ކުނިވަށިގަނޑަށް ހުސްފުޅި ވައްޓާލާފައި ތެދުވެ އިށީނދެގެން އިން ގޮނޑީގެ އަތްގަނޑުގައި އަޅުވާލާފައި އޮތް އޭނާގެ އަތްދަބަސް ނަގާ ގޮނޑުގައި އަޅުވާލަމުން ހިނގައިގަތެވެ.
“ކޮބާ ދާކަށްނުވޭތަ، ހިނގާބަލަ އަވަހަށްދާން… އަވަހަށް ގޮސްގެންނޭ އެކަންވާންއޮތީ” ޖަހާފައި ހުރި ޕާޓިޝަންތަކުގެތެރެއިން ބައެއްގައި އަތްއަޅުވާލަމުން އޭގެ އަނެއްފަރާތުގައި ނިވާވެގެން އިން ސަމަރްއަށް ޢިޒްވާބުނެލިއެވެ.
“މިނިމުނީއޭ” ސަމަރް އަވަސް އަވަހަށް އަތްދަބަހަށް އޭނާ ޕްރިންޓުނަގާފައި ހުރި ފޮޓޯތައް ލުމާއިއެކު ތެދުވިއެވެ.
“މިއަދު ވެސް ޕްރިންޓު ނަގާލީ ދޯ، އަހަރެން ހިތަށްއަރާ ސަލްމާނު މީހަކާ ނީނދެއެހުންނަނީ މަގޭ ސަމަރް އާއި ދިމާނުވެގެންނޭ” ދެފަރާތަށް ބޯހޫރާލާފައި ޢިޒްވާ މިހެން ބުނީ ސަމާސާ ރާގެއްގައެވެ. އަދި ކުރިއަށް ހިނގައިގަތީ ސަމަރް އޭނާ އާއިއެކު އަންނަކަން އެނގިގެންނެވެ.
ޢިޒްވާ އާއި ސަމަރް އޮފީހުން ނުކުތީ އެކީގައެވެ. މަގުތަކުގައި އޮފީސްތައް ނިންމާފައި ނުކުމެ އުޅޭމީހުން ގިނައެވެ. ދެފަޔަށްބާރުލާފައި ހަލުވިކޮށް ހިނގަމުން ޢިޒްވާ މިސްރާބުޖެހީ އޭނާގެ ގެއާއި ދިމާލަށެވެ. ސަމަރް އޭނާގެ އެކުވެރިޔާ އާއި އެއްވަރަށް ހިނގަން މަސައްކަތްކުރަމުން އެކުވެރިޔާގެ މޫނަށް ބަލާލިއެވެ.
“ތިވަރަށް ހާސްނުވެބަލަ، އިރާދަކުރެއްވިއްޔާ މިރެއަށް ހަމަޖެހޭނެ” ޢިޒްވާގެ މޫނުމަތިން ކަންބޮޑުވުން ފާޅުވާތީ ސަމަރް ހިތްވަރުގެ ދިނުމުގެ ގޮތުން ބުނެލިއެވެ.
“އަހަރެންމީ ދުވަހަކުވެސް ފާސްކުރި ހެދުން ލީމީހެއްނޫން، އެހެންނޫންނަމައެންނު އެކަހަލަ ހެދުމެއް އަތުގައި އޮންނާނީ، ކުއްލިއަކަށް އެހެން ބުނީމަ ކޮންތާކުން އަހަރެން ހެދުމެއް ހޯދަނީ، ސަމަރްގެ އަތުގައި ވެސް ތިބުނީ އޮތް ދެހެދުމުން އެއްހެދުން ހަލާކުވެއްޖެޔޭ، އޮފީހުގައި ދެންއުޅޭ މީހަކު ގާތު ބުނާކަށް އަހަންނަކަށް ނުކެރޭނެ، އެހެންވެ މަންމައަށް ގުޅާފައި ބުނީ ވެސް، އެކަމަކު މަންމަވެސް ވަކި ކުރާނީ ކީއް، އަހަންނަށް އޮފީހުން ނިމިގެން ދެވިގެންނު ފޮތިކޮޅެއް ގަނެވޭނީވެސް” ޢިޒްވާ ކަންބޮޑުވާ ހުރިހާ ކަމެއް ފަތިފައްޗަށް ސަމަރްއަށް އަމުނާލަދިން ކަހަލައެވެ.
“އަހަރުމެން ދެމީހުންވެގެން ގެއަށްދާމަގުމަތީގައި ފޮތިކޮޅެއް ގަނެގެންދާނީ، ހާސްނުވޭ ޑަރލިންގ” ސަމަރް ހިނގަމުން ޢިޒްވާގެ އަތުގައި ހިފާލާފައި ގާތްކޮށްލިއެވެ.
“ސަމަރް ހާސްނުވާށޭ ނުބުންޏަސް، އަތުގައި އެވަރަށް ފައިސާނެތީމާ ނުވިސްނޭނީ ކާކަށް، އަހަންނަށްތާ އެނގޭނީ ފައިސާނެތުމުން ނުކޮށް ހުންނަނީ ކިތައްކަންތައްކަން، އަހަރެންވެސް ބޭނުންވޭ، އެކަމަކު ނެތްފެންވަރެއް ކިހިނެއްދައްކާނީ، އެންމެ ރަނގަޅުގޮތަކީ ކޮންމެވެސް ބަހަނާއެއްދައްކާފައި ފަންކަޝަނަށް ނުދިއުން… އާން! އެގަޑިއަށް ކުއްލިއަކަށް ބަލިވާނީ… ބަނޑުގައި ރިއްސާނީ.. ނޫން! ނޫން! ބޮލުގައި ރިއްސަނީއޭ ބުނާނީ، ނޫން! އެގޮތް ވެސް ކަމަކު ނުދާނެ، ސަމަރްއަށް އެނގޭނެ އަހަރެން ދޮގެއްކަން ހަދަނީ، އާން! އެންމެ ރަނގަޅުވާނީ މަންމަ މާބޮޑަށް ބަލިވީއޭ ބުނިއްޔާ، އޭރުން ސަމަރް ވެސް އިތުރު ސުވާލެއް ނުކުރާނެ” އަމިއްލަ ނަފްސާ ވާހަކަދައްކަމުން ތުންފަތުގައި ދައިގަނެގެން ހުރެ ކުރިއަށް ހިނގަމުން ދިޔަ ޢިޒްވާއަށް އައި މޮޅު ޚިޔާލުން ކުޑަކޮށް ހިނިތުންވެލެވުނެވެ.
“ސަމަރް، އަހަރެން ގެއަށް ގޮސްފައި ޝޮޕިންނަށް ނުކުންނާނީ، ސަމަރްދޭ ގެއަށް، މަންމަ ގޮވައިގެން ދިޔައީވިއްޔާ ދިގުހެދުން ފަހާނޭ ފޮތި މޮޅަށް އެނގޭނީ” ޢިޒްވާ ވަގުތުން އޭނާގެ ރޭވުމާއިއެއްގޮތަށް މަސައްކަތްފެށިއެވެ.
“އެކަމަކު އަހަރެންވެސް ބޭނުން ދާން، ހިނގާ ދެމީހުންވެގެން މަންމަ ގޮވައިގެން ޝޮޕިންނަށް ނުކުންނަމާ” ސަމަރް އެއްގޮތަކަށް ވެސް ޢިޒްވާ އާއި ވަކިވާ ކަހަލަ ޚިޔާލެއް ނުކުރިއެވެ. އޭނާއަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ވެސް ލިބުނު ރަޙުމަތްތެރިޔާގެ ގޮތް އެނގޭ ކަހަލައެވެ.
“އިހަށް ސަމަރް ގެއަށް ދޭ، މަންމަ އޯކޭ ކޮށްފައި އަހަރެން ގުޅާނަން” ޢިޒްވާ އޮޅުވާލަން މަސައްކަތްކުރަމުންދިޔައެވެ.
ކުއްލިއަކަށް ޢިޒްވާ އުޅެންފެށި ގޮތަކުން ސަމަރްގެ ބޮލުގައި ރިއްސާލިއެވެ. ޢިޒްވާގެ ހަރަކާތްތަކަށް ސަމާލުވެލަމުން އޭނާ ވާހަކަދެއްކިއެވެ.
“އިޒޫ، ގެއަށްގޮސް އަހަރެން ކުރާނެ ކަމެއް ނޯންނާނެ، އަހަރެންގެ ހެދުން ވެސް އޮތީ ތައްޔާރުވެފައި، އަނެއްކާ އިޒޫ އަހަންނާއިއެކު މިރޭގެ ފަންކަޝަނަށް ނުދާން ބަހަނާއެއް ދައްކަނީތަ؟” ކުއްލިއަކަށް ސަމަރް ބުނިއެއްޗަކުން ޢިޒްވާއަށް ހުއްޓުން އަރާގޮތްވިއެވެ.
“ނޫން، ދެން އަހަރެން އެހެނެއް ނުހަދާނެ އެންނު” ފާޑަކަށް ކަމެއްސިއްރުކުރާފަދަ ގޮތަކަށް ޢިޒްވާ ބުނެލިއެވެ.
“އެހެންވީރު މިހާރު އަހަންނާއިއެކު ހިނގާ، ސިންދިތާއަށް ދާނީ ވެސް، މިފަހަރު ގެއަށް ދާނީ ފޮތިގަނެގެން” ސަމަރް ގޮތްދޫނުކުރާ ފަދަ ގޮތަކަށް މިހެންބުނެ ޢިޒްވާގެ އަތުގައި ހިފާލީ އޭނާ އެދޭކަންތައްނުކޮށްދެނިސް އެއަތުން ދޫކޮށްނުލާނަމޭ ބުނާފަދައަކުންނެވެ.
“ސަމަރް، ޕްލީޒް…” ޢިޒްވާ ހާސްވެފައި ހުރެ ބުނެލިއެވެ. ނަމަވެސް ސަމަރް އޭނާ ދައްކާ އެއްވެސް ވާހަކައެއް އަޑުއަހާކަށް ގަސްދެއްނުކުރިއެވެ.
ދެރަޙުމަތްތެރިން ޖެހިގެން އޮތް މަގަށް ނުކުތުމަށް އުޅުނެވެ. ޢިޒްވާއަށް އިތުރު ބަހަނާއެއްދައްކާނެ ފުރުޞަތެއް ސަމަރްނުދިނެވެ. ހިތްއަވަސްވެފައި ހުރި ސަމަރްގެ މޫނަށް ޢިޒްވާ ބަލާލާފައި އޭނާގެ ދަބަހުގެ ވާގަނޑުގައި ހިފާއްޓާލިއެވެ.
“ވޮލެޓުގައި ހުރީ ކިހާ ފައިސާއެއްކަމެއް ވެސް ނޭނގޭ، ބަލާލުން ރަނގަޅުވާނެ” ދަބަހުގެ ވާގަނޑުގައި ހިފާލިގޮތަށް ޢިޒްވާގެ ހިތަށްއެރިއެވެ. އެކަމަކު އެކަން ވެސް ކުރާކަށް ނުކެރުނެވެ. ލަދުވެތިކަމަކަށް އެކަން ވެދާނެއޭ ޢިޒްވާގެ ހިތަށްއެރީއެވެ. އޭގެ އިތުރުން ޢިޒްވާ އެހެން އެއުޅެނީ އަތުގައި ފައިސާ ނެތިގެންކަން ސަމަރްއަށް އެނގެން ވެސް ބޭނުންނުވަނީއެވެ.
ގިނައިރެއްނުވެ “ސިންދިތާ” ފޮތިފިހާރައަށް ހިނިއައިސްފައި ހުރި ސަމަރް އާއިއެކު ޢިޒްވާނެވެ. ރީތި އެތަށް ފޮއްޗެއް އެތަނުގައި ވެއެވެ. މޮޅު ފޮއްޗާއި ދެރަފޮތި ވެސް ހުއްޓެވެ. އެހެންނަމަވެސް ޢިޒްވާގެ ލޯ އަމާޒުވަމުން ދިޔައީ ފޮތި ފޭލިތަކުގައި ހަރުކޮށްފައި ހުރި އަގު ކަރުދާސްކޮޅަށެވެ. ހަދާނެގޮތެއް ނޭނގި ހުރެ ޢިޒްވާ މަޑުމަޑުން ފޮތިތަކުގައި އަތްލަމުން ދިޔައެވެ. ސަމަރް އޭނާއަށް ރީތިވާ ފޮތިތަކުގައި އަތްހާކަމުން ޢީޒްވާއަށް ދައްކަމުންދިޔައެވެ.
“މިފޮތި ރަނގަޅުވާނެ” ޢިޒްވާއަށް އަގުފެނިފެނުމުން ފޮތިކޮޅުގައި އަތްޖައްސާލާފައި ބުނެލިއެވެ. ސަމަރް އަވަސް އަވަހަށް ބަލާލިއެވެ. އަދި ޢިޒްވާ ދެއްކި ފޮތިފޭއްޔަށް ބަލާލާފައި އޭގެން ބައެއް ފަތުރާލީ ރަނގަޅަށް ބަލާލުމަށެވެ.
“މިއަށްވުރެ މާރީތި ފޮތި އެބަހުރި، ފޫހި ކުލައެއްމީ، އިޒޫ އާއި ނުވެސް ގުޅޭނެ، ހަޑި، މިއެއްނޫން ނަގާނީ” ސަމަރް ބުނެލިއެވެ. އެއާއިއެކު ޢިޒްވާގެ މޫނުމަތި މިލައިގެން ދިޔަތަން ސަމަރްއަށް ފެނުނެވެ. އޭނާއަށް ޢިޒްވާ ފޮތީގެ އަގުކޮޅުގައި އަތްޖައްސާ ބަލާލިގޮތުން އިތުރު އެއްޗެއް ޢިޒްވާ ބުނާކަށް ނުޖެހުނެވެ. އެވަގުތު ޢިޒްވާ އޭނާއަށް ސިއްރުކުރަން މަސައްކަތް އެކުރަނީ އޭނާގެ ހާލަތުކަން ސަމަރްއަށް ދެނެގަނެވުނެވެ. ތުންފަތަށް ވެރިވި ލުއި ހިނިތުންވުމާއިއެކު ސަމަރް، ޢިޒްވާގެ އަތުގައި ހިފައިގެން އެހެން ފޮތިފޭލިތަކެއްގެ ކައިރިއަށް ޖެހިލިއެވެ.
“މިފޮތީގެ ހެދުމެއް އިޒޫ މިރޭ ލާނީ، މިކުލަވެސް ވަރަށްގުޅޭނެ” ސިމަރް މިހެންބުނެ ޢިޒްވާގެ ޚިޔާލަށް މަޑުކުރުމެއްނެތި ފިހާރަ ތެރޭގައި ފޮތިކަނޑައި ދިނުމުގައި އުޅޭ ކުދިންގެ ތެރެއިން ކުއްޖަކަށް ގޮވާލިއެވެ. އެއާއިއެކު ފިރިހެން ކުއްޖަކު އައިސް ސަމަރް ބުނިވަރަށް ފޮތި ކަނޑައިދިނުމަށް ފޭލި ގެންދިޔައެވެ. ޢިޒްވާއަށް ސަމަރްގެ ޢަމަލްތައް ހުރިގޮތް ކަމަކު ނުދިޔައެވެ. އޭނާގެ އަމިއްލަ ހެދުމެއް ފަހަން އުޅޭއިރު އޭނާގެ ޚިޔާލު މިކަމުގައި ވަރަށް މުހިންމު ވާނޭކަމުގައި ޢިޒްވާ ދެކުނެވެ.
“އެންމެން ވެސް ވާނީ އެއްގޮތެއް، އެހެން މީހުންގެ ހާލާއި މެދު ވިސްނައެއްނުލާނެ، އަހަރެންގެ ގާތް އެކުވެރިއެއްގެ ގޮތުގައި ހުރެ ސަމަރް އަމިއްލައަށް ހުރިހާ ނިންމުމެއް އެނިންމާލަނީ، އެއްފަހަރު ވެސް އަހަންނަށް އެފޮއްޗަށް ފައިސާ ނުދެއްކިދާނެއޭ ހިތަކަށް ނާރާ، ނޫނީ އަހަރެން ފަޟީޙަތްކުރަން ބޭނުންވަނީބާ…” އަމިއްލަ ނިކަމެތިކަމާއިމެދު ޢިޒްވާ ދެރަވިއެވެ.
ފޮތިކޮޅު ހިފައިގެން ސަމަރް ފައިސާ ދައްކާ ކައުންޓަރުގެ ދޮށަށް އައެވެ. ފޮތިކޮޅުގެ އަގުބުނުމުން ސަމަރް ވަގުތުން ބަލާލީ ޢިޒްވާއަށެވެ. ހީވަނީ ގަސްދުގައި ޢިޒްވާއަށް އެވަގުތު ވާނޭ ގޮތް ބަލާލަން ސަމަރް ބޭނުންވީހެންނެވެ. ހިންދިރުވާލި ޢިޒްވާ ބިރުން ހުރެ އަތްދަބަސް ހުޅުވާލިއެވެ. ހާސްވެފައި ހުރިވަރުން ވޮލެޓުނަގަން ދަބަހުގެތެރެއަށް އަތްލިއިރު އެއަތް ތުރުތުރު އަޅަމުން ދިޔަކަމެއް ޚުދު ޢިޒްވާއަށް ވެސް ފާހަގައެއް ނުކުރެވުނެވެ. އެއީ އޭނާގެ ލޯ އެހުރިހާއިރު އަމާޒުވެފައި ވަނީ ކައުންޓަރުގައި ފައިސާ ބަލައިގަންނަން އިން މީހާއަށް ކަމަށްވީތީއެވެ. ފޮތިވެސް އެއޮތީ ކަނޑާފައިވިއްޔާއެވެ. ފައިސާ ނުދެއްކިއްޔާ ދެން ކުރިމަތިވާނީ ކިހާވަރެއްގެ ކަމެއްކަން ނޭނގޭތީ ޢިޒްވާގެ ހިތްބިރުގަންނަނީއެވެ.
“އިޓްސް އޯކޭ… އަން! މިކާޑުން ކަނޑާލާ” ޢިޒްވާ ވޮލެޓު ނެގިތަނާ ސަމަރް އޭނާގެ ވޮލެޓުގައި އޮތް ޑެބިޓްކާޑު ދިއްކޮށްލައިފިއެވެ. ވަގުތުން ހައިރާންވެފައި ޢިޒްވާ، ސަމަރްއަށް ބަލާލިއެވެ. އޭނާ އެއްވެސް އެއްޗެއް ނުބުނެ ހިނިތުންވެލީއެވެ. އަދި ފޮތިކޮޅަށް ފައިސާ ދައްކާފައި ޢިޒްވާގެ އަތުގައި ހިފާލައިގެން ފިހާރައިން ނުކުންނަން ހިނގައިގަތެވެ. ސަމަރް އެހެން ހެދުމުން ޢީޒްވާގެ ހިތަށް އުނދަގޫވިއެވެ. އެއީ ކީއްވެ ސަމަރް ކުރިކަމެއްތޯ އޮޅުން ފިލުވަން ޢިޒްވާ ބޭނުންވިއެވެ.
“މިހާރު ފޮތިކޮޅު ވެސް ލިބުނީ، ދެން ހިނގާ ތިގެއަށް ދަމާ، ހެދިކާ ވެސް ގަނެގެން ދޯ ދާނީ، އަހަރެން ސައިބޯލާ ހިތުން މިހިރީ، އެނގޭތަ ތިގޭ ކައިރީ ހެދިކާ ލިބެން ހުންނަތަނެއް” ސަމަރްއަށް ކުރެވުނީ މާބޮޑުކަމެއްހެން އޭނާ ވާހަކަދެއްކިގޮތުން ޢިޒްވާއަށް ފާހަގައެއް ނުވިއެވެ.
“ސަމަރް، އަހަރެން ފައިސާ ދައްކަންށޭ އުޅުނީ” ސަމަރް ބުނިއެއްޗަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ޢިޒްވާ މަޑުމަޑުން ބުނެލިއެވެ.
“އަހަރެން ޢިޒޫއަށް ހަދިޔާއެއް ދޭހިތްވީ، އެހެންވެ ކޮށްދިންކަމެއް އެއީ، އުފާވުމުގެ ބަދަލުގައި ހިތްހަމަނުޖެހުނީތަ، ކީއްވެ؟ ގާތް ރަޙުމަތްތެރިނަން ހަދިޔާ ދިނުމަކީ ރަނގަޅުކަމެއް ނޫންތަ؟” ސަމަރް ކޮންމެހެން އޭނާއަށް ޢިޒްވާގެ ހާލަތު އެނގެޔޭ ބުނަން ބޭނުންނުވީ އޭރުން ޢިޒްވާ ދެރަވާނެވަރު ހިތަށް އަރާފައެވެ. ގާތް ރަޙުމަތްތެރިކަމަކީ އެއީއެވެ. އެކުވެރިޔާ ނުބުންޏަސް އޭނާގެ ހާލަތު ދެނެގަނެވުމެވެ. އޭނާ ނުބުންޏަސް އެހީތެރިކަމުގެ އަތް ދިއްކޮށްލުމެވެ. އޭނާގެ ހިތްހަމަޖައްސައިދިނުމެވެ. މީހަކަށް ހެޔޮކަމެއް ކޮށްދޭންވާނީ އެފަދަ ގޮތަކަށް ކަމުގައި ސަމަރްގެ މަންމަ ބުނެއެވެ. އޭރުން ﷲ އޭނާ އެކުރި ހެޔޮކަމުގައި ބަރަކާތްލައްވާ ސަވާބުއިތުރުކުރައްވާނެތެވެ.
“ތެންކިއު…” ޢިޒްވާގެ ހިތަށް ސަމަރްގެ ހެޔޮކަމުގެ ސަބަބުން ވަރަށް ފުން އަސަރެއް ކުރުވިއެވެ. މިނޫނީ ދުވަހަކު ވެސް އޭނާއަށް ހަދިޔާއެއް މީހަކު ނުދެއެވެ. ދެލޮލުގެ ތެތްކަމުގެ ތެރޭގައި ކަރުނަ ޖަމާވީ ކޮންއިރަކުކަމެއް ޢިޒްވާއަކަށް ނޭނގުނެވެ. އިސްޖެހިފައި މަޑުމަޑުން ސަމަރްއަށް ނޭނގޭނޭހެން ލޯފެހިލިއެވެ. އެވަގުތު ސަމަރް، ޢިޒްވާގެ އަތުގައި ހިފާ އަނެއްކާ ވެސް ގާތްކޮށްލައިފިއެވެ.
“ހެޕީ ޓިއިރަސް ވެއްޖެއްޔާ އޯކޭ، ސޭޑް ވާކަށް އަހަރެން ބޭނުމެއްނޫން، އޭތް! ތަންކޮޅެއް ހިނގުން ބާރުކޮށްލަމާ، ވަރަށް ބަނޑުހައި ވެސް ވެއްޖެ، ގެއާއި ހަމައަށް އަވަހަށް ފޯރީމާ، އަވަހަށް ސައިފޮދެއް ލިބޭނީ” ސަމަރް ހިނިތުންވެލާފައި ބުނެލިއެވެ.
* * * *
ޝެފުންގެ މަސައްކަތަށް ބޯދެމުން އަސްމަހާން އެމީހުންގެ މެނޫ ބަލަމުން ދިޔައެވެ. އޭނަގެ އަތުގައި މިހާރު އެއޮތީ ރޭގަނޑު އޮތް ޕާޓީގައި ހުންނާނޭ ކާއެއްޗެހީގެ ލިސްޓެވެ. އޭރު ގާތުގައި އޭނާގެ އިޝާރާތަކަށް މަޑުކޮށްލައިގެން އަމޯރާ ހުއްޓެވެ. އަތުގައި އޮތް ލިސްޓު ރަނގަޅު ކަމުގައި ބުނުމުގެ ގޮތުން އަސްމަހާން ބޯޖަހާލިއެވެ. އަދި އެލިސްޓު އަމޯރާއަށް ދިއްކޮށްލުމުން، އޭނާ މެހެމާނުންގެ ލިސްޓު އަސްމަހާނަށް ދިއްކޮށްލިއެވެ.
“މި ދެނަން އުނިކުރޭ، މި މީހުންގެ ވިޔަފާރި މިހާރުވަނީ ބަނގުރޫޓުވެފައި، ޕާޓީއަށް ދަޢުވަތު ދޭ ފެންވަރެއްނޫން އެއީ، ދެން ކައިރީގައި ތިބޭނީ މިމީސްމީހުން، އޭގެ ތެރޭގައި ގިނައީ ތަރަފްގެ ކުރިއެރުމާއިމެދު ހަސަދަވެރިވާ މީހުން، ޕާޓީގެ ފުރިހަމަކަން އެމީހުންނަށް ފެނުން ވަރަށް މުހިންމުވާނެ” އަސްމަހާނު ލޮލުގައި އަޅާފައިވާ ނަންބަރު އައިނު ރަނގަޅުކޮށްލަމުން އަތުގައި އޮތް ގަލަމުން ލިސްޓަށް އުނިއިތުރު ގެންނަމުން ދިޔައެވެ. އަސްމަހާނުގެ ވާހަކަތަކަށް ފުރިހަމަ ސަމާލުކަން ދީގެން އަމޯރާ ހުއްޓެވެ.
އަމޯރާއަކީ އަންހެނަކަށް ވިޔަސް ކުޅަދާނަ މީހެކެވެ. އަސްމަހާނަށް އޭނާ ކަމުދިޔައީ އޭނާގެ ވިސްނުން ތޫނުވެފައި އޭނާދޭ ޚިޔާލުތައް ކަމުދާތީއެވެ. އަދި އެންމެ މުހިންމު ކަމަކަށްވީ އަމޯރާ ސާފުތާހިރުކަމަށް ދޭ ސަމާލުކަމެވެ. އީޝާއަށް ބަލިވެ އިނުމުން ތަރަފް އޭނާގެ އަނބިމީހާއަށް ފަސޭހަކޮށްދިނުމުގެ ގޮތުން ގޭގައި ގެންގުޅޭ މީހަކު ހޯއްދަންފެށިއެވެ. އަމޯރާ އާއި އަސްމަހާން ދިމާވީ އޭރުއެވެ. އޭރު އެޢާއިލާ އުޅެނީ ސިންގަޕޫރުގައެވެ. އީޝާ ވިހައިގެން މާލެ އަންނަން ޖެހުނީ މާލޭގައި އޮތް ތަރަފްގެ ގޯތީގެ މައްސަލައެއްގައެވެ. އެއައީގޮތަށް ތަރަފްގެ ޢާއިލާ އުޅެމުން ދަނީ މާލޭގައެވެ. މެޑިކަލްކަމެއް ޖެހިގެނާއި ޗުއްޓީއަށް ދިއުމާއި ނޫނީ ވިޔަފާރީގެ ކަމަކު ނޫން ގޮތަކަށް މިހާރު އެދެމަފިރިންނަށް ރާއްޖޭން ބޭރަށް ދަތުރެއް ނުކުރެވެއެވެ. ތަރަފްގެ ބޮޑުބޭބެ އަބަދުމެ ހުންނަނީ އެގޯއްޗަށް ކަޅި އަޅާލަ އަޅާލައެވެ. މާލޭގައި މިހާރު ބިމަކީ ރަނެވެ. އޭގެ އިތުރުން ތަރަފްގެ މައިންބަފައިންގެ ފަރާތުން އޭނާއަށް ލިބިފައިވާ އެންމެ އަގުބޮޑު ހަނދާނަކީ އެގެއެވެ. އެހެންވެ ކޮންމެ ހާލެއްގައި ވެސް އެގެ އެހެން މީހެއްގެ އަތަށް ދިޔަ ނުދޭން ކުރެވެން އޮތްކަމެއްވިއްޔާ ތަރަފް ކުރަން ބޭނުންވީއެވެ. ތަރަފްގެ ހުރިހައި ނިންމުމެއްގައި ހިތްވަރުދީ ތަރުހީބުދޭން އަބަދުވެސް އަސްމަހާނު ހުރެއެވެ. ކިޔަވަން އުޅެނިކޮށް ޖެހުނު ލޯބި އަދިވެސް އެދެމެދުގައި ބަދަލުވުމެއްނެތި ވެއެވެ.
މެންދުރު ފަސްވިއިރު ހުރިހާ ރޭވުންތަކެއް ބޭނުންވިގޮތަށް ކޮށްނިންމާލެވުނެވެ. ބެލްކަނީގައި އީޝާ އޭނާގެ ރައްޓެއްސަކާއި ފޯނުން ވާހަކަދައްކަން ހުރިތަން ރީތިވެލައިގެން ނުކުން އަސްމަހާނަށް ފެނުނެވެ. އަދިވެސް އޭނާ ހުރީ ކުރިން ލައިގެން ހުރި ސޯޓުކޮޓުގައެވެ. ބެލްކަނީގައި ބަހައްޓާލާފައި ހުރި ސްޓޭންޑުގައި އީޝާ ކުރަހަންފަށާފައި ހުރި ޑިޒައިންތަކުގެ ކަރުދާސްތައް ފެންނަން ހުއްޓެވެ. އިސްތަށިގަނޑު އޮޅާލާފައިވަނީ ބޮލަށް ޖަހާފައި ހުރި ކުލަފަންސޫރަށެވެ. އެއްއަތް އުނަގަނޑުގައި ވިއްދާލައިގެން ހުރެ ފޯނުން ވާހަކަދައްކަމުން ދިޔައެވެ.
“އީޝް، ދަރިފުޅު ކޮންކަމެއް ރާވާލަނީ، މިއަދު މިތަނުގައި ހުރެގެން ވޯކްކުރާ ދުވަހަކީތަ” އީޝާ ފޯނުން އަވަދިވުމާއިއެކު އަސްމަހާނު އައިސް ބެލަކަނީގެ ހިލައިގެ ރެއިލިންގައި ފަހަތުން އަތްޖައްސާލަމުން އަހާލިއެވެ.
“އިޓްސް އަ ނައިސް ޑޭ މޮމް، އައިޑިއާއެއް ލިބިގެން މިގުޅާލީ ރޯޒް އަށާއި އީލާކަށް، އެމީހުންގެ ހެލްޕް ވަރަށް ބޭނުންވާނެ މިކަމަށް، ނައު އައިނޯ ޑިފީއަށް ދޭނީ ކޮން ގިފްޓެއްކަން، މޮމްއަށް ޔަޤީން ދޯ ޑިފީ އަންނާނީ ޝާޕް ސެވަން ތާޓީގަކަން” ވަރަށް ހިނިއައިސްފައި ހުރެ އީޝާ ބުނެލިއެވެ.
“ޔޫޝައު ކޮއްކޮ ކުރިން އަންނާނެ، ޝަދަފް ބަލާ އެއަރޕޯޓަށް ދާނީ އޭނާ، ބަރާބަރު ގަޑިއަށް ނޫނީ ގެއަކަށް ނުވައްދާނަން” އަސްމަހާނު ވެސް ހީނލާފައި ބުނެލިއެވެ.
“ބައްޕަ އަދިވެސް ނުދުރުވަނީތަ” އީޝާ އަހާލިއެވެ.
“އެހެން، ބައްޕަ ހުންނެވީ ހުޅުމާލޭގައި، ރަސަލް އަންކަލް އާއިއެކު، ހަވީރު ދުރުވާނެކަމަށް ބުނުއްވި، ދެން ކޮންއިރަކުން މަންމައަށް ޝަދަފްއަށް ދޭން އުޅޭ ހަދިޔާ ދައްކާލާނީ، ޕާރުސަލްކުރުމުގެ ކުރިން ބަލާލާހިތުން މިހިރީ” އަސްމަހާނު އަތުކުރީގައި އޮތް ރަންތަނޑިގަނޑެއްފަދަ ގަޑިއަށް ބަލާލަމުން ބުންޏެވެ.
“އިޓްސް އަ ސޫޓް، އިރުކޮޅަކުން މިދަނީ އީކްމެންގެއަށް ދާންވެގެން، ރޯޒް ވެސް އެދަނީ އެގެއަށް” ހިތްއަވަސްވެފައި ހުރިފަދަ ގޮތަކަށް އީޝާ ބުނެލިއެވެ.
“އެހެންވީރު، އުސައިދު ގާތު މިބުނަނީ ކާރުތައްޔާރުކޮށްދޭށޭ، ދަރިފުޅު އެމީލީހިޔާއަށް ދާއިރު، ލާއިގާ މޭމްއަށް މަންމަގެ ސަލާމް ބުނެދެއްޗޭ” އަސްމަހާނު މިހެންބުނެލާފައި ހިނގައިގަތީ އުސައިދު ހޯދުމަށެވެ.
އެޕާޓްމެންޓުގެ ދޮރު ހުޅުވާލުމާއިއެކު ސިޓިންރޫމުގައި އިން ފަރްޝާ އެނބުރި ބަލާލިއެވެ. ދޮރުން އެތެރެއަށް ވަން އޭނާގެ އަންހެން ދަރިފުޅާއިއެކު އިތުރު ކުއްޖަކު ވަނުމުން އަތުގައި އޮތް ތަސްބީހަ ކުރިމަތީހުރި ކުޑަމޭޒުމަތީ ބާއްވާލާފައި ބަލިގޮތަކަށް ތެދުވެލިއެވެ.
“މަންމާ، ސަމަރް ކިޔާވަރުން މިއައީ އޭނާ ގޮވައިގެން” އެޕާޓްމެންޓުގެ ދޮރުލައްޕާލަމުން ޢިޒްވާ އޭނާގެ މަންމައަށް ބުނެލިއެވެ.
“ޢިޒޫ މަންމަގެ ހާލު މިހާރު ކިހިނެއްތަ” ފަރްޝާއަށް ބަލަހައްޓައިގެން ހުރި ސަމަރް ހިނިތުންވެލަމުން އަހާލިއެވެ. މިއީ ސަމަރް އެގެއަށް އަންނަ ފުރަތަމަ ފަހަރެއް ނޫނެވެ. އެހެންވެ ފަރްޝާއަށް ވެސް އެއީ އާމުނެއް ނޫނެވެ.
“އިރާދަކުރެއްވީތީ މިހާރު ރަނގަޅު، ދޯ ޢިޒްވާ، އާދޭ ސަމަރް އިށީންނަން، ކޮންހާ ކޮތަޅުތަކެއް ހިފައިގެންތަ ދެކުދިން ތިއައީ؟” ފަރްޝާ ހިންހެޔޮ ގޮތަކަށް ހީނލާފައި ސަމަރް އާއި ވާހަކަދައްކަމުން ޢިޒްވާއަށް ބުނެލިއެވެ.
“މަންމާ، ސަމަރް ވަރަށް ބަނޑުހައިވެފައި އެހުރީ، އޭނާ އަހަންނަށް ފޮތިކޮޅެއް ވެސް ގަނެދީފި، ވަރަށް ރީތި ފޮތިކޮޅެއް، ސަމަރް، މަންމައަށް އެފޮތިކޮޅު ދައްކާލަބަލަ، އަހަރެން މިއަންނަނީ ފެންކައްކަން ޖައްސާލާފައި” ޢިޒްވާ އަވަސްވެގަތީ ސަމަރްއަށް ސައި ހަދައިދިނުމަށެވެ.
ކުޑަކުޑަ ސިޓިން ރޫމަކާއި އެއްފަރާތުގައި ކައްކާ ކެވޭގޮތަށް ހަދާފައި ހުރި މިޒަމާނުގެ ބަދިގެއެވެ. ކާމޭޒު ހުރީ ސިޓިން ރޫމުގެ އެއްފަރާތެއްގައި ބަދިގެ އާއި ކައިރިވާގޮތަށް ބަހައްޓާލާފައެވެ. ދެން ހުރީ ކޮޓަރިއެކެވެ. އެއީ އެއްކޮޓަރީގެ އެޕާޓްމެންޓެކެވެ. މުޅި އިމާރާތަކީވެސް ކުއްޔަށް ދިނުމަށް ޚާއްޞަ ކުރެވިގެން ހަދާފައިވާ އިމާރާތެކެވެ. އެ އެޕާޓްމެންޓަށް ބަލާލުމުން ވަރަށް ފަހުން ކުލަލާ ހަދާފައި ހުރިކަން ފާހަގަކުރެވެއެވެ. ތަންކޮޅު ކުޑަނަމަވެސް އުނދަގޫގޮތެއް އެތަނުގައި ނުހުރެއެވެ. މީހުން ގިނަ ނޫންވީމަ ކަންނޭނގެއެވެ.
“ސައިބޮއެގެންނު އެހެންކަމެއް ކުރާނީ” ޢިޒްވާ އައިސް މޭޒުމަތީ ބޭއްވުނު އަތްދަބަސް ނަގާ ސޯފާމައްޗަށް ލަމުން ބުނެލިއެވެ.
“ވަރަށް ރީތި ފޮތިކޮޅެއް، މަންމަ ހައިރާންވެއްޖެ ސަމަރްއަށް ފޮތިގަންނަންވީ ވަރު އެނގުނީމަ” ފަރްޝާ ފޮތިކޮޅު ފަތްޖަހާލަމުން ބުންޏެވެ.
“އަހަރެންގެ ހެދުން ފަހަން ގަންވަރަށް ފޮތިގަތީ، ވަކި އެނގިގެނެއްނޫން، އަހަންނާ އިޒޫ އާއި ގާތްގަނޑަކަށް އެއްވަރުވީމާ ހިތަށް އެރީ އެވަރުން ފެހޭނެޔޭ” ސަމަރް މިހެން ބުނެ މޭޒުކައިރީ އިށީނެވެ. ފަރްޝާ ފޮތިކޮޅު ކޮތަޅަށް ލާފައި މޭޒުކައިރީ ހުރި ގޮނޑީގެ ލެނގޭބައިގައި ކޮތަޅު އަޅުވާލާފައި އެގޮނޑީގައި އިށީނެވެ. ޢިޒްވާ ކާމޭޒުމަތީ ބެހެއްޓި ހެދިކާ ކޮތަޅު ހިފައިގެން އައިސް ތަށިތަކަށް ހެދިކާތައް އަޅަންފެށިއެވެ. އަދި ފެންޖަގު ކެކުމުން އެއިން ދެޖޯޑަށް ފެންއަޅައި ސައިފަތްޕެކެޓެއް ލައިގެން ގެނެސް މޭޒުމަތީ ބެހެއްޓިއެވެ.
“އިޒޫ މަންމައަށް ސައި ނުގެންނަންތަ” ސަމަރް ސައިޖޯޑު ކައިރިކޮށްލަމުން ބުނެލިއެވެ.
“އާން! މަންމައަށް ހެދިކާއެއް ނުކެވޭނެ، އެހެންވެ” ޢިޒްވާ އައިސް ކާމޭޒު ދޮށުގައި ހަމަޖެހިލަމުން ބުނެލިއެވެ.
“އެއީ ތެދެއް، ތިޔައިގެ ދެކުދިން ސައިބޯލާ، އޭރުން މަންމަ ހަމަސައިބުއިފަދަ” ފަރްޝާ ހިނިތުންވެލާފައި ބުނެލިއެވެ.
ސައިބޮއެ ނިމުމުން ޢިޒްވާ މޭޒުމަތި ސާފުކުރިއެވެ. އެއްފަރާތު ފާރުކައިރީ ބަހައްޓާފައި ހުރި ފަހާފޮށި ގެނެސް މޭޒުމަތީ ބެހެއްޓީ ވެސް ޢިޒްވާއެވެ. އަދި ފަހަންތައްޔާރުކުރުމުގެ ގޮތުން ގެނެސްފައި އޮތް ފޮތިކޮޅާއި ގުޅޭ ބަރަންޏެއް ފަހާފޮށްޓަށް ލައްވާލިއެވެ. އޭރު ފަރްޝާ ފޫޓު ފީތާ ހިފައިގެން ޢިޒްވާގެ ގައިން މިންނެގުމަށް ތައްޔާރުވެލައިގެން ހުއްޓެވެ. މިހުރިހާ މަންޒަރެއް ބަލަން ފޫހިކަމެއްނެތި ސަމަރް ހުއްޓެވެ. ކުދިން ދައްކަމުން ދިޔަ ވާހަކައަށް ދޭތެރެއަކުން ފަރްޝާ ކޮންމެވެސް އެއްޗެއް ބުނެލައެވެ.
* * * *
އިރުއޮއްސި އަނދިރިކަން ދުނިޔެމައްޗަށް ވެރިވެގެންދިއުމާއިއެކު އެކި ހިސާބުތަކުން ފެންނަނީ ދިއްލާފައި ހުރި ހޮޅިބުރިތަކުގެ އައްޔެވެ. ހޭލަމޭލަވެ އުޅޭ މީހުން ގިނަވެފައިވަނީ އިޝާ ނަމާދަށް ދިއުމަށް އަވަސްއަރައިގެން އުޅޭ މީހުންނާއިގެންނެވެ. ހިމަގޯޅިގަނޑަށް ވަދެގެން އައި ދެޒުވާނުންގެ ގާތްކަން ފެނިފައި ހީވަނީ އެއީ ޒަމާންވީ ގާތް ދެ ރަޙުމަތްތެރިހެންނެވެ. ނަމަވެސް ދެ ޒުވާނުންގެ އިސްކޮޅުގައި ތަފާތުކަމެއް ހުއްޓެވެ. އެކަކުގެ މޫނުމަތިން ތަންކޮޅެއް ޅަވައްތަރު ޖަހާއިރު އިސްކޮޅުން ވެސް އަނެކާއަށްވުރެ ކުރުކަމަށް ފެނެއެވެ. ދެމީހުން ވެސް އައީ ފޮށްޓެއް ދަމަމުންނެވެ. ސަކަރާތްޖަހަމުން ކަހަލަ ގޮތަކަށް ވަދެގެން އައި ދެޒުވާނުން ކުރެ އިސްކޮޅުން ބޮޑުކޮށް ހުރި ޒުވާނާ ސިހިގެން ދިޔައީ މީހަކުގެ ގައިގާ ޖެހެވިއްޖެކަން އެނގުމުންނެވެ.
“ސޮރީ…” އަވަސް އަވަހަށް މިހެން ބުނެ ބަލާލިއިރު އޭނާގެ ކުރިމަތީގައި ހުރި އަންހެންކުއްޖާ މާޔޫސްކަމާއިއެކު އޭނާގެ އަތުން ވެއްޓުނު އެއްޗަށް ބަލާލަމުން އެނަގަން މަސައްކަތްކުރީ އެޒުވާނާއަށް އެއްވެސް އެއްޗެއް ނުބުނެއެވެ. އެއާއިއެކު އެޒުވާނާގެ ނަޒަރު ވެސް ހުއްޓިގެން ދިޔައީ އެދިމާލަށެވެ.
“އިޒޫ، ލެޓްސް ގޯ… ކިހިނެއްވީ” ޢިޒްވާގެ މޫނުމަތިން ހާސްކަން ފެނިގެން ދިއުމުން ސަމަރް އަހާލިއެވެ. އޭރު ޢިޒްވާގެ އަތުގައި އޭނާ ގެންގުޅުނު ފޯނުގެ އެކިބައިތައް ވަކިވަކިވެފައި އޮތްތަން ފެނުނެވެ. ގާތުގައި ހުއްޓިހުރި ޒުވާނާއަށް ޢިޒްވާއަށް ބަލާލެވުނީ ދެނެވެ. އިސްކޮޅުން ދިގުވެފައި ހަމުގެ ކުލައަލި މީހެކެވެ. ތުނބުޅި މަތިމަހުގެ ސަބަބުން މީހާގެ މޫނު ސާފުވާގޮތެއްނުވިއެވެ. ކަންފަތު ފޫޅަށްވުރެ ދިގުކޮށްފައި ހުރި ފަށުވިފަން އިސްތަށިގަނޑު އޭގެ އަމިއްލަ ޒާތުގައި މިނިވަންކަމާއިއެކު ނިތްކުރިމައްޗަށް ވެރިފައި ހުއްޓެވެ. އެއްވެސް ތަރުތީބެއްނެތް މީހެއް ފަދައެވެ.
“އައިއެމް ރިއަލީ ސޮރީ…” އަނެއްކާ ވެސް އެޒުވާނާ ބުންޏެވެ. ނަމަވެސް ޢިޒްވާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ސަމަރް އޭނާގެ އަތުގައި ހިފައި ދަމައިގަތުމުން އޭނާ ވެސް އަވަސް އަވަހަށް ހިނގައިގަތީއެވެ.
“ޑިފީ… ޝީޒް ގޯން…” ހީނލާފައި ދެންހުރި ޒުވާނާ ބުނެލިއެވެ. އެއާއިއެކު ކަންފަތްކައިރީ އިސްތަށިތައް އަޅުވާލަމުން ފޮށިދަމާލާފައި އެއްފަރާތުގައި ހުރި ދޮރުން ވަންނަ ދެޒުވާނުން ހިނގައިގަތެވެ.
ދޮރޯށީގެ ބަޒާއަށް ފިތާލުމާއިއެކު ދޮރުހުޅުވިއްޖެއެވެ. އެތެރެއަށް ވަން ދެޒުވާނުން ފެނިފައި އަސްމަހާނު އުފަލުން އުދުއްސައިނުގަތީ ކިރިޔާއެވެ. އަވަސް އަވަހަށް ދެކުދިންގެ ގާތަށް އައުމާއިއެކު އޭނާ އާއި ކަރާއިކަރުޖައްސާ އެންމެފުރަތަމަ ވެސް ސަލާމްކުރީ ޔޫޝައުއެވެ. އޭގެ ފަހުގައި ޝަދަފެވެ.
“މޮމް، ޔޫ ލުކް އެސްޓޮނިޝިންގ… ވިވޭޝިއަސް…” ޔޫޝައު ހެމުން ހެމުން ބުނެލިއެވެ.
“ދެންހެޔޮ، މަންމަ މިހާ ރީތިވެގެން މިހިރީ ދަރިފުޅުމެން އަންނާތީ، ދިގު ދަތުރެއްކޮށްފައި އައީ ޔޫޝައު އެކަމަކު ޝަދަފްގެ މޫނުމަތިން ވަރުބަލިކަން ފެންނަހެން ހީވަނީ، މައިގޯޑް، ތިހިރަ ތުނބުޅިއެއްވާ ދޯ…. ތިވެސް ތަންކޮޅެއް ތުނިކޮށް ކޮށާލާފައި ބެހެއްޓިނަމަ” އަސްމަހާނަށް ޔޫޝައު ހުރިގޮތް ކަމުދިޔައިރު ޝަދަފް ހުރިގޮތުން އޭނާގެ ދެލޯ ބޮޑުކޮށްލެވުނެވެ.
“މަންމާ، މިވެސް ސްޓައިލެކޭ” ޝަދަފް މިހެން ބުނެލުމާއިއެކު އަސްމަހާނު ދެފަރާތަށް ބޯހޫރާލިއެވެ.
“ބައްޕަ އެބައުޅުއްވާ ކޮޓަރީގައި، އެކަމަކު ޝަދަފް ތިގޮތަށް ހުރެގެން ބައްޕަގެ ގާތަށް ނުދާތި، އިހަށް ހިނގާ މަންމަ އާއިއެކު، ބޮޑު ސަޕްރައިޒެއް ވެސް އެބައޮތް” އަސްމަހާނު މިހެން ބުނެ ޝަދަފްގެ އަތުގައި ހިފާލިއެވެ.
ގޭގައި ގެންގުޅޭ މީހަކު އައިސް ޝަދަފް އާއި ޔޫޝައުގެ ފޮށި ހިފައިގެން ބޮޑުކޮޓަރީގެ ފާރާއި ނިވާވެފައި ހުރި ފުޅާހަރުފަތްތައްލީ ސިޑިން އަރައިގެން ދިޔައެވެ. އަސްމަހާނާއިއެކު ދެބެން އައިސް ހުއްޓުނީ ޝަދަފަށް ޚާއްޞަކުރެވިފައި ހުރި ކޮޓަރީގެ ދޮރުމަތީގައެވެ. އަދި ކޮޓަރީގެ ފުޅާ ދޮރުފަތްހުޅުވާލުމަށް އަސްމަހާނު އެދުނީ ދަރިފުޅު ޝަދަފުގެ ގާތުންނެވެ. އޭނާގެ މާބޮޑު ސަމާލުކަމެއް އެކަމަށް ދެވިފައި ނެތްކަމުގައިވިޔަސް މަންމަގެ އުފަލަށްޓަކައި ދޮރުފަތުގައި އަތްޖައްސާލަމުން ދެފަރާތަށް ކޮށްޕާލިއެވެ.
“ވާއު…. ޑިލަކްސް… ފެބް… ފެންސީ” ޔޫޝައު އާދަޔާއި ޚިލާފަށް ދެލޯ ބޮޑުކޮށްލަމުން ބުނެލިއެވެ. ބައެއްފަހަރު އެކުއްޖާ އުޅޭގޮތުން އަސްމަހާނަށް މަލާމާތްކުރަނީއޭ ވެސް އޭނާއަށް ހީވާވަރުވެއެވެ.
“ޔޫޝައުއެއް ނޫނޭ ވާއުވެގެން އުޅެންވީ، ޝަދަފްއަށް ކަމުދަންޏާ މަންމައަށް އެނިމުނީ، ބުނެބަލަ، ކަމުދޭތަ” އަސްމަހާނު އޭނާއަށްވުރެ އިސްކޮޅުން ދިގު ޝަދަފަށް ބަލާލިއެވެ.
“ހޫމް… ރީތި” ޝަދަފް ބުނެލިއެވެ.
“ކިހިނެއްވީ، ކަމުނުދަނީތަ، އިޓްސް ޑާކްރެޑް، ދެން އެހެރީ ބްލެކް، ވިންޓޭޖް ފާރނިޗަރސް، ދަރިފުޅަށް ކަމުނުދަނީތަ، މަންމަ އެހާ ވަރުން ޑިޒައިނަރސް ގެނެސްގެން މިއަދަށް މި ނިންމީ” އަސްމަހާނުގެ މޫނުމަތީގައިވި އުފާވެރިކަން ގެއްލިގެންދިޔައެވެ.
“އަސްލު ވެސް ވަރަށް ރީތި، ތެންކިއު މަންމާ، މާބޮޑަށް ރީތިވީމާ ވެސް ބުނާނެ އެއްޗެއް ނޭނގެއެންނު، އަޅުގަނޑަށް ވެސް މިހިރީ އެހެންވެފައި” ޝަދަފް، އަސްމަހާނު ގެނެސް ގަޔާއި ކައިރިކޮށްލަމުން ހިނިތުންވެލާފައި ބުންޏެވެ. އެހިނދު ގެއްލިގެންދިޔަ އަސްމަހާނުގެ ހިނިތުންވުން އެތުންފަތަށް އަނބުރާއަތުވެއްޖެއެވެ.
“މިރޭ ބައްޕަގެ ވަރަށް ޚާއްޞަ ރަޙުމަތްތެރިންނާއި އެމީހުންގެ ޢާއިލާ މެންބަރުން މިގޭގައި އޮންނަ ހަފްލާއަކަށް އަންނާނެ، އެހެންވީމާ މަންމަ ބޭނުންވަނީ ދަރިފުޅުމެން ދެކުދިން ވެސް ތިކުދިންގެ ބެސްޓު ލުކްގައި ހުންނަން، ޔޫޝައުގެ ސޫޓު ހުންނާނެ ޔޫޝައުގެ ކޮޓަރީގައި، އީޝާއަށް އެނގޭނީ ދަރިފުޅުގެ ކަންތައްތައް ކުރާނޭ ގޮތެއް، ދެންމެ އެއައީ ގެއަށް، އަންނާނަން ދަރިފުޅުމެން އައިވާހަކަ ބުނެލާފައި” އަސްމަހާނު މިހެން ބުނެ ކޮޓަރިން ނުކުތެވެ.
“ޑިފީ، އިޒްންޓް ދިސް ޓޫމަޗް” ޔޫޝައު ފާޑަކަށް ހެމުން އޭނާއަށްވުރެ ތިންއަހަރު ބޮޑު ބޭބެ އާއި ދިމާލަށް ބުނެލިއެވެ.
“މަންމަ ކޮށްދޭހިތުން ކޮށްދޭ އެއްވެސް ކަމެއް ޓޫމަޗްއެއް ނުވާނެ، ދުރުގައި އުޅޭތާ ކިހާ ދުވަހެއްފަހުން މިއާދެވުނީ، އެހެންވީމާ އަދިއަމުދުން އެއްވެސް ކަމަކަށް ފާޑުކިޔާކަށް ނުވާނެ، އީޝް ދޮން އައީމަ އެނގޭނީ އަދި ފާޑުކިޔާވަރު، އޭނާގެ ޝަރުތުތައް މަންމައަށްވުރެ ގިނަވާނެ، އެންޑް އައި ހޭޓް ޕާޓީސް….” ޝަދަފް އައިސް ކޮޓަރީގައި ހުރި ބޮޑުއެނދުގެ މައްޗަށް ހަށިގަނޑު ދޫކޮށްލަމުން ބުނެލިއެވެ. ޔޫޝައު ރީތިވާ މޭޒުގެ ގޮނޑި ދަމާލަމުން އޭގައި އިށީނދެގެން އިނދެ ވާހަކަދެއްކިއެވެ.
“އިއު…. ޑިސްގަސްޓިން… އޯމައިގޯޑް… ޔަކް…” ކުއްލިއަކަށް އިވުނު އީޝާގެ އަޑުން ޝަދަފް އާއި ޔޫޝައު ދޮރާ ދިމާލަށް ބަލާލިއެވެ. ހަމައެހިނދު ޝަދަފް ލޮލުގެ އިޝާރާތުން ޔޫޝައުއަށް އިޝާ ދައްކާލީ އޭނާ ބުނީ ދޮގެއް ނޫނޭ ބުނާކަހަލަ ގޮތަކަށެވެ.
“މައި ޑިއަރ ބްރާދަރ، ކޮންހާލެއްގަ ތިއޮތީ، ތިހިރަ ތުނބުޅިއެއް، ހަމަމިހާރު ހިނގާ ފާޚާނާއަށް، ޔޫޝް، ކަމް ހެލްޕް މީ” އީޝާ ވަދެގެން އައިގޮތަށް އައިސް އެނދުގައި އޮތް ޝަދަފްގެ އަތުގައި ހިފައި ނަގަން މަސައްކަތްކުރިއެވެ.
ތަރަފް އާއި އަސްމަހާނު ބޮޑުކޮޓަރީގައި މަޑުކޮށްލައިގެން ތިއްބެވެ. އެހެންތިބިއިރު އިރުއިރުކޮޅާ އެތެރެގޭ ތެރެއަށް ބަލާލެވެނީ ޝަދަފް ނުފެނިގެންނެވެ. އޭނާއަށް ޚާއްޞަ ކުރެވިގެން ބާއްވާ ހަފްލާއެއްގައި ނެތުމަކީ ވަރަށް ހުތުރުކަމެކެވެ. އޭރު މެހެމާނުންތައް އައިސް ބޮޑު ކޮޓަރިތެރޭގައި ޖަމާވާން ފަށައިފިއެވެ. ދިއްލާފައި ހުރި ކްރިސްޓަލް ޗާންދަލިއާގެ އަލިން ވަށައިގެންވި މާހައުލުގެ ޝާހީކަން އިތުރުކޮށްދީފައިވެއެވެ.
“އަސްމާ، ޝަދަފް ކޮބާތޯ ބަލާލަބަލަ، އަހަރެން މިމީހުންނާއި ވާހަކަދައްކާލާ ހަދާލަން މިދަނީ” ތަރަފް މިހެން ބުނެ ހިނގައިގަތީ މެހެމާނުންގެ ތެރެއަށެވެ. އެތަނުގައި މަންސޫރުގެ ޢާއިލާގެ މެންބަރުން އުޅޭތަން ފެނުނެވެ. ޒައުލް އާއި ޔޫހާ އެކުގައި ތިބިއިރު އީޝާ އާއިއެކު އީލާކު ހުއްޓެވެ. އެދެކުދިންގެ ގާތަށް އަސްމަހާނު ދިޔަތަން ފެނުނެވެ. ޒައުލްމެންނާއިއެކު އަސްލަމްގެ ޢައިލާ ތިއްބެވެ. އެޢާއިލާ އިން އައީ އަސްލަމާއި ނީލްގެ އިތުރުން ނަވާލެވެ. ދެންތިބީ ދާއިން އާއި މަންހާއެވެ. ޝަދަފްގެ ކޮޓަރީގެ އިންޓީރިއާ ޑިޒައިނިން ހަމަޖައްސައިދިނީ ދާއިންމެންގެ ކުންފިނިންނެވެ. އެތަނުގައި މިވަގުތު އެތިބީ ވިޔަފާރީގެ ދުނިޔޭގައި ރާއްޖޭގައި ތިބި ނަންކިޔާލެވޭ ބޮޑެތި ވިޔަފާރިވެރިންނެވެ. ކުއްލިއަކަށް ދެންފެނުނީ އެމީހުންގެ ތެރެއަށް ވަދެގެން އައި ހައިކަލް އާއި ޑޮކްޓަރ ޒޭނެވެ. އޭނާ އާއިއެކު އޭނާގެ އަންހެނުން ޔާނާ ހުއްޓެވެ. ތަރަފްއަށް އަނެއްކާ ވެސް ބަލާލެވުނީ ޝަދަފް ކޮބާތޯއެވެ.
“އީޝާ، ދޭބަލަ ޝަދަފް ގޮވައިގެން އަންނަން، ބައްޕަ އެހޯއްދަވަނީ ޝަދަފް” އަސްމަހާނު އައިސް އީޝާގެ ގާތުގައި މަޑުކޮށްލަމުން ދަރިފުޅުގެ ކޮނޑުގައި އަތްތިލަ ބާއްވާލާފައި ބުނެލިއެވެ.
“ޑިފީ ތައްޔާރުވެ ނިމުނުތާ ކިތަންމެ އިރެއް، އަޅުގަނޑު ހީކުރީ ޔޫޝައު ކޮއްކޮ އާއިއެކު ތިރިއަށް ފައިބާނެކަމަށް” އީޝާ ހައިރާންވެފައި ބުނެލިއެވެ.
“ދައްތާ އަޅުގަނޑު ޝަދަފް ގޮވައިގެން އަންނަންތޯ” ކުއްލިއަކަށް އީޝާ އާއި އީލާކްގެ ގާތުގައި ހުރި އަންހެން ކުއްޖާ ބުނެލިއެވެ. އެއާއިއެކު އަސްމަހާނުގެ ތުންފަތަށް އާދަޔާއި ޚިލާފު ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ހީވީ އޭނާގެ ސިކުނޑީގައި އުފެދުނު ޚިޔާލުގެ ރަމްޒެއްހެންނެވެ.
“ތީ ވަރަށް ރަނގަޅު ގޮތެއް، އެނގިދާނެތާ ހުރި ކުޅަދާނަކަމެއް ވެސް، ކޮންމެ ކޮންމެ މީހަކަށް ޝަދަފް ހައްލައެއްނުލެވޭނެ” އަސްމަހާނު ހީނލާފައި ބުނެލިއެވެ.
“އަސްލު ވެސް ދޯ މަންމާ” އީޝާ މިހެންބުނެ ހީނލިއެވެ.
ފޫހިކަމާއިއެކު ކޮޓަރި ތެރޭ ދެކޮޅަށް ހިނގާލާފައި ޝަދަފް ނުކުތީ ބެލްކަންޏެވެ. ވައިރޯޅިއެއްގެ ހިލަމެއް ވަނީ ކިރިޔާއެވެ. ފިނިރެއަކަށްވުރެ މިރެއަކީ ހޫނު އުދާސްކަމެއް ފަޒާގައި ހަރުލާފައިވާ ރެއެކެވެ. ހިލައިން ހަދާފައިވާ ރެއިލިންގައި ދެއަތުން ހިފާލުމާއިއެކު ވަށައިގެން ނަޒަރު ހިންގާލިއެވެ. ފުރަތަމަ ވެސް ޝަދަފްގެ ނަޒަރު އަޅައިގަތީ ކުރިމަތީ ހުރި އިމާރާތުގައެވެ. ދެއިމާރާތް ކައިރިވެފައި ދެއިމާރާތުގެ ބެލްކަނި ދިމާވާގޮތަށް ހުރުމުންނެވެ. ބޯއަރިކޮށްލަމުން ޝަދަފް ބަލާލިއެވެ. ބެލްކަންޏަށްވަނީ އަނދިރިކަން ވެރިވެފައި ނަމަވެސް ޝަދަފްގެ ބެލްކަނިން އެޅިފައިހުރި އަލިން ކޮންމެވެސް ވަރަކަށް އެހިސާބު ފެންނަވަރުވިއެވެ. ބެލްކަންޏަށް ނުކުމެވެން ހުރި ދޮރު ލައްޕާފައި ހުރިކަން އެނގުނީ އެހެންވެއެވެ. މާބޮޑުފަރުވާލެއް ނެތި ކުޑަކޮށް ގުދުވެލާފައި ޝަދަފް ބެލްކަނިން ތިރި ބަލާލިއެވެ. އުސްތަންތަން ދެކެ ބިރުގަންނަ މީހަކުނަމަ ޔަޤީނުންވެސް ބޮލަށް އެނބުރުން އެރީހެވެ. އޭނާ ތިރިބަލާލީ އަށްވަނަ ބުރީގައި ހުރި ބެލްކަނިންނެވެ.
“ފުންމާލަންތަ ތިއުޅެނީ… ސުއިސައިޑެއްތަ… ހާދަ އަވަހަކާ މާޔޫސްވެގެން ތިއުޅެނީ” ހިމަތޫލި އަޑެއް ޝަދަފްގެ ކޮޓަރިތެރެއިން އިވުނެވެ. އެއާއިއެކު ކުއްލިއަކަށް ފަހަތަށް އެނބުރި އެއީ ކާކުތޯ ޝަދަފަށް ބަލާލެވުނެވެ.
“ރީޝް، އެބައުޅެންތަ؟ ކީއްކުރަނީ މިކޮޓަރީގަ؟ އައި މީން… ކިހިނެއް މިކޮޓަރީގައި އަހަރެން ހުރިކަން އެނގުނީ” އެއްފަހަރާ އެތައްސުވާލެއް ޝަދަފްކޮށްލިއެވެ.
“ހެޕީ ބާތްޑޭ” ރީޝާމް ލައިގެން ހުރި ދިގު ހެދުމުގެ ފަސްބައިގައި ދަތިއެޅިދާނޭތީވެ ކުޑަކޮށް ހެދުން ހިއްލައިލައިގެން ހުރެ ޝަދަފްގެ ގާތަށް ފަރިގޮތަކަށް ހިނގާލާފައި އައެވެ. ހިމަތޮޅި ހަށިގަނޑާއި ލައިގެން ހުރި ގަދަވައިލެޓުކުލައިގެ ހެދުން ވަރަށް ގުޅެއެވެ. ބުޅިއިސްތަށިގަނޑު އެއްފަރާތަށްވާގޮތަށް އޮމާންކޮށްލާފައި ހުރިއިރު އިސްތަށިގަނޑަށް ހަރާލާފައި ހުރި އެސްޖެހި ފުނަލުގެވަށައިގެން ހީވަނީ ބޮޑުކާނޭޝަންމަލެއް ފޮޅިފައިއޮތްހެންނެވެ. އެހެންނަމަވެސް ރީޝަމްގެ ރީތިކަމަށް ތަޢުރީފުކުރުން މިރޭ ހައްޤެވެ. އޭނާއަކީ ރީތި ސޫރައެއްލިބިފައިވާ އަންހެން ކުއްޖެކެވެ. ޝަދަފް އާއި ރީޝަމްގެ ޢާއިލާގެ ގުޅުން ބަދަހިވުމުގެ ސަބަބުން ދެޢާއިލާގެ ކުދިންގެ މެދުގައި ވެސް ގާތް ރަޙުމަތްތެރިކަމެއްވަނީ އުފެދިފައެވެ.
“ތެންކިޔު، އެންޑް ޔޫ ލުކް ސްޓަނިންގ ޓުނައިޓް” ޝަދަފް ފަޓުލޫނުގެ ދެޖީބަށް އަތްޖަހާލަމުން ފިރިހެންވަންތަ ގޮތަކަށް ހުއްޓިލާފައި ރީޝަމްއަށް ބަލާލަމުން ބުންޏެވެ.
ޝަދަފް ހުއްޓިލައިގެން ބަލަން ހުރިގޮތް ފެނިފައި ރީޝަމްގެ ހިތުގެ ހިނގުން އަވަސްވިހެން އޭނާއަށް ހީވިއެވެ. އެހެންނަމަވެސް މޫނުމަތިން އެކަމުގެ އަސަރު ފާޅުވުމުގެ ކުރިން ކަރުކެހިލާފައި ކުރިއަށްވުރެ ބޮޑަށް ހިނިތުންވެލިއެވެ. މިރޭ ޝަދަފް ލައިގެން ހުރި ސޫޓުގައި ފެންނަލެއް ވަކިން ސްމާޓްވެފައި ހުވަފެނީއެވެ.
“ތެންކިއު، މިރޭ ޝަދަފްގެ ހެންޑްސަމްކަން ވެސް ވަކިކުޑައެއްނޫން، ދެން އިތުރަށް ވާހަކަނުދައްކާ ހިނގާ ރީޝް އާއިއެކު ތިރއަށް ދަމާ، ޝަދަފްގެ ބައްޕަ ހުންނެވީ ވަރަށް ކަންބޮޑުވެލައްވާފައި، ހުރިހާ މެހެމާނުންނާއި ޝަދަފް ބައްދަލުކޮށްދެއްވަން ބޭނުންވެލައްވާތީ އަސްމައައްތަ، ރީޝް ފޮނުވީ މިކޮޓަރިއަށް” ރީޝަމް، ޝަދަފްގެ އަތްދަނޑީގައި އެއްއަތުން ހިފާލަމުން ކުރިއަށް ޖެހިލަން އުޅުނެވެ.
“ބައްޕަގެ ބިޒްނަސް ޕާޓީސްގައި އަހަރެން ކުރާނެކަމެއް ނޯންނާނެ، އެމީހުންނާ ދައްކާނެ ވާހަކައެއް ވެސް އަހަންނަކަށް ނޭނގޭ” ޝަދަފް އޭނާގެ އަތްދަނޑީގައި ހިފާއްޓައިލައިގެން ހުރި ރީޝަމްގެ އަތްތިލާގައި މަޑުމަޑުން އަތްޖައްސާލަމުން ބުނެލިއެވެ. އެހިނދު ޝަދަފްގެ އެންމެ ބީހިލުމަކުން ވެސް ރީޝަމްގެ ހަށިގަނޑުގައި މަޑުތުރުތުރެއް އުފެދިގެންދިޔަ ކަހަލައެވެ. އެތެރެއަށް ލަމުން ދިޔަ ނޭވާ ހިފާއްޓާލުމާއިއެކު ރީޝަމް ވާހަކަދެއްކިއެވެ.
“އެހެންވިޔަސް، މައިންބަފައިންގެ ޤަދަރާއި އިއްޒަތް ގެއަށް އަންނަ މެހެމާނުންގެ ކުރިމަތީ ހިފާއްޓަންވާނެ، އެހެންހިތަށްއަރުވާލާފައި މިފަހަރު ދެން ހިނގާ” ރީޝަމް މިހެން ބުނުމުން ޝަދަފްއަށް އިތުރަށް ދެކޮޅު ހަދާކަށް ނުކެރުނެވެ.
ޕާޓީއަށް އައިސްތިބި މެހެމާނުންގެ ތެރެއަށް ރީޝަމް އާއިއެކު ޝަދަފް ނުކުންތަން ފެނުމުން އަސްމަހާނު އަވަސް އަވަހަށް އަމޯރާއަށް އިޝާރާތްކޮށްލިއެވެ. އެއާއިއެކު މަތީގައި އެލުވާފައި ހުރި ޗާންދަލިޔާގެ އަލި ކުރިއަށްވުރެ އަލިވެގެން ދިޔައެވެ. އެންމެންގެ ސަމާލުކަން ޝަދަފަށް ހުއްޓުމުން މަޑުމަޑުން ރީޝަމް އެއްފަރާތަށް ޖެހިލިއެވެ. ޑިޒައިނަރ ސޫޓުގައި ހުރި ޝަދަފްގެ ހިތްގައިމުކަން ފެނި ޕާޓީއަށް އައިސްތިބި އަންހެން ކުދިންގެ އަގުބޮޑު ހިތްތައް އޭނާއަށް ލެނބެމުންދިޔައެވެ. މައްޗަށް ވާގޮތަށް އޭނާގެ ފަންއިސްތަށިގަނޑު އޮމާންކޮށް ހަރުކޮށްލާފައިވާއިރު އެފުރިހަމަ މޫނުމަތީގައިވާ ފިރިހެންވަންތަކަމުގެ އިތުރުން އޭނާގެ ހައިބަވަންތަކަން އިތުރުކުރުވައެވެ. ތަރަފް އޭނާގެ ދޮށީ ފިރިހެން ދަރިފުޅަށް އަތްދިއްކޮށްލިގޮތުން އޭނާގެ ގާތަށް އައުމަށް ދައުވަތު ދެނީކަން ޝަދަފަށް ވިސްނުނެވެ. އެހެންވެ އެއްއަތް ފަޓުލޫނު ޖީބަށް ޖަހާލައިގެން ހުރެ އައިސް ތަރަފްގެ ގާތުގައި ހުއްޓިލަމުން ހިނިތުންވެމެއް ތުންފަތަށް ވެރިކޮށްލީ ކޮންމެހެން ކުރަންޖެހޭ ކަމެއްހެންނެވެ.
“ޝަދަފް، މިތިބީ ހުސް ވެސް ބައްޕަގެ ވަރަށް ގާތް ރަޙުމަތްތެރިން” ތަރަފްގެ ވަށައިގެން ތިބި މީހުންނަށް އިޝާރާތްކޮށްލަމުން ބުނެލިއެވެ.
“މީ ޒައުލް، މިހިރީ އޭނާގެ އަންހެނުން ޔޫހާ، ދެން މިތިބީ އަސްލަމާއި އޭނާގެ ކުދިން” ތަރަފް މިހެން ބުނަމުންދިޔައިރު ޝަދަފް ދިޔައީ ކޮންމެ މީހަކާއި ސަލާމްކުރަމުންނެވެ. ތަރަފް ދެން އެނބުރިލީ ހައިކަލް އާއި ދިމާލަށެވެ. އުމުރުން ދުވަސްވެފައި ހުރި އެ ފިރިހެނާ އާއި އޭނަގެ ދަރިފުޅު ޑޮކްޓަރ ޒޭން އާއި ވަރަށް ވައްތަރުކަން ޝަދަފްއަށް އެވަގުތު ފާހަގަ ކުރެވިގެން ދިޔައެވެ. ރާއްޖެއަށް ކާރާއި ސައިކަލުފަދަ އެއްގަމުގައި ދުއްވާ ހުރިހާ އެއްޗެއް ކަހަލަ ގޮތަކަށް އެތެރެކުރާ ބަޔަކީ ހައިކަލްގެ ކުންފުންޏެވެ. އެންމެނާއި ބައްދަލުކޮށްދީ ނިމުމުމާއިއެކު ތަރަފްގެ ގާތުން ޝަދަފަށް ސަލާމަތްވާނޭ ވަގުތުކޮޅެއް ލިބިގެންދިޔައެވެ.
“ބައްޕާ، އަޅުގަނޑު ރައްޓެހި ކުދިންނާއި ބައްދަލުކޮށްލަން މިދަނީ” ޝަދަފް އަވަސް އަވަހަށް މިހެން ބުނެލަމުން އެއްފަރާތަކަށް ހިނގައިގަތެވެ. ތަރަފް ހިނިތުންވެލާފައި އޭނާގެ ގާތުގައި ތިބި ރަޙުމަތްތެރިންނާއި ވާހަކަދައްކަން ފެށިއެވެ.
* * * *
އެއްފަރާތަށް ޖެހިލި ޢިޒްވާ އޭނާގެ ފޯނަށް އަނެއްކާ ވެސް ބަލާލިއެވެ. މޫނުމަތީގައިވާ މާޔޫސްކަން ފިލައިގެނެއް ނުދިޔައެވެ. ނޭނގޭ ރުޅިވެރިކަމެއް ވެސް ހިތުގައި އުފެދިގެން ދިޔަ ކަހަލައެވެ. އެވަގުތު ސަމަރް އައިސް އޭނާގެ ގާތުގައި ހުއްޓިލަމުން ކޮނޑުގައި އަތްބާއްވާލިއެވެ.
“ފޯނު ހަލާކުވީތަ، އެކަމަކު ބައްތި ފޯނެއް ނުވާނެ ހަލާކެއް” ސަމަރް މިހެން ބުނެ ޢިޒްވާގެ އަތުގައި އޮތް ފޯނު އަތުލާފައި އޭގެ ބެޓެރި ނަގާ ފޮހެލާފައި އަލުން ލައްވާލައިފިއެވެ. އަދި ހުޅުވޭތޯ މަސައްކަތް ކުރިއެވެ.
“މިހާރު ހަތަރުއަހަރުވަނީ ތިފޯނު ގެންގުޅޭތާ، ވެއްޓެން ވެސް ވެއްޓޭ، އެކަމަކު ބެޓެރިލައްވާލީމަ އެއިން ކޮންމެ ފަހަރަކު ވެސް ނުހުޅުވިއެއްނުދޭ، ވަރަށް ފޫހިވޭ، އެމީހާގަނޑު ގަސްދުގަ ކަންނޭނގެ ޖެހިގަތީ ވެސް” ޢިޒްވާ ހިތްހަމަނުޖެހިފައި ހުރިވަރުން ބޭނުންވީ ހުރިހާ ކަމެއް އޭނާގެ ގައިގާ މިރޭ ޖެހުނު މީހާގެ ބޮލުގައި އަޅުވާށެވެ.
“ވަރަށް ފާޑަކަށް ހުރި މީހެއްދޯ، ޕާޓޭއެއްހެން ވެސް ހީވޭ، އަދި އެހެރަ ތުނބިޅިއަކާއި މަތިމަހެއް، ޔަކް، މުޅި މޫނުގަ އޮތީ އިސްތަށި، އެހެންވެޔޭ އަހަރެން އަވަހަށް އިޒޫގެ އަތުގައި ހިފައިގެން ހިނގައިގަތީ، އެމީހާ އާއި އަވަހަށް ދުރަށް ގެންދަންވެގެން” ސަމަރް މޫނަށް ވައްތަރުތަކެއް ޖައްސަމުން ވާހަކަދެއްކިއެވެ.
“އޭތް! ތިމީހުން މިތަނުގައިތަ، ދީބަލަ މަށަށް ވެސް ތިތަނުން ޑްރިންކެއް” ޢިޒްވާމެންނާއިއެކު އޮފީހުގައި މަސައްކަތްކުރާ ޔޫލީ ބުނެލިއެވެ. އެއާއިއެކު ފިނިބުއިންތައް އަތުރާފައި ހުރި މޭޒުމަތިން ތަށްޓެއް ޢިޒްވާ ނަގާ ޔޫލީއަށް ދިއްކޮށްލިއެވެ.
“ޢިޒްވާ ހެދުން ފަހަނީ ކާކު ކައިރިންތަ، އަހަރެން ވެސް ބޭނުން ތިހާ ރީތިކޮށް ގަޔަށް ހުންނަގޮތަށް ހެދުމެއް ފަހަން، ޢިޒްވާ ލާ ހުރިހާ ހެދުމެއް ވެސް ވަރަށް ރީތި ޢިޒްވާގެ ގަޔަށް ހުންނަލެއް” ޔޫލީ މިހެން ބުނުމުން ވެސް ޢިޒްވާގެ މޫނުމަތި އުޖާލާވެގެނެއް ނުދިޔައެވެ. އެހެންނަމަވެސް އޭނާ ހިނިތުންވެލިއެވެ.
“އިޒޫ ވަރަށް މޮޅުވާނެ ފަހަން، އިޒޫގެ ހެދުންތައް ފަހަނީ އިޒޫ އަމިއްލައަށް، ކިހާ މޮޅު ދޯ، އަހަރެން ވެސް މިހާރު ލަނީ ހުސް އިޒޫ އަތުން ފަހައިގެން” ސަމަރް، ޢިޒްވާއަށް ތަޢުރީފު ކުރަމުން ގޮސް ދޮގެއް ވެސް ހަދާލިއެވެ.
“އަސްލުތަ، އަޅެ އަހަންނަށް ހެދުމެއް ފަހައިދޭންވީނު، ކިހާ ވަރަކަށް އިޒޫ ހެދުން ފަހަނީ” ހިތްއަވަސްވެފައި ހުރި ޔޫލީ ބުނެލިއެވެ. އެވަގުތު ޢިޒްވާ ދެލޯ ބޮޑުކޮށްލަމުން ސަމަރްއަށް ބަލާލިއެވެ. އޭނާއަށް ފަހަން އެނގުނެއް ކަމަކު ދުވަހަކު ވެސް ޢިޒްވާ އޭނާގެ އަމިއްލަ އެއްޗެއް ނޫނީ ނުފަހައެވެ. އަދި އަމުދުން މީހުންނަށް އަގަށް ފަހައިދޭން އޭނާ ވިސްނާފައެއް ވެސް ނެތެވެ.
“އުމްމް! ފަހާ ޑިޒައިނެއްގެ ގޮތުން އިޒޫ އަގުކިޔަނީ، ދެން މާދަން އޮފީހަށް އައިސް ދޯ ތިވާހަކަ ދައްކާނީ، މިވަގުތު އަހަރުމެން މިތިބީ ވަރަށް މުހިންމު ފޯނެއް ކުރަންވެގެން” ޢިޒްވާ މާބޮޑަށް ހިތްހަމަ ނުޖެހިދާނެއޭ ހިތާ ޔޫލީ އެތަނުން ފޮނުވާލަންވެގެން ސަމަރް ބުނެލިއެވެ.
“އޯކޭ، މާދަން ދިމާކުރާނަން ޑިޒައިން ވެސް ހިފައިގެން” ޔޫލީ ދަތްތައް ފެންނަވަރަށް ހިނިތުންވެލާފައި އެދެރަޙުމަތްތެރިނާއި ދުރަށް ހިނގައިގަތެވެ.
“ސަމަރް، އަހަރެން މީހުންގެ އެއްޗިއްސެއް ނުފަހަން، ޔޫލީ ހީކުރާނީ ކީކޭ” ޢިޒްވާ ކަންބޮޑުވެފައި މިހެންބުނެ ސަމަރްގެ އަތުގައި އޮތް އޭނާގެ ފޯނު އަތުލާފައި އޭނާގެ އަތަދަބަހުގެ ތެރެއަށް ލިއެވެ.
“ރަނގަޅެންނު، އިޒޫ ފްރީ ޓައިމްގަ ކުރާނެ މަސައްކަތެއްގެ ވާހަކަ އަހަރެން ގާތު ދެއްކީމެންނު، މިއަށްވުރެ ރަނގަޅު މަސައްކަތެއް އަހަރެންގެ މައިންޑަކަށްނައި، އިޒޫއަށް ނުލާހިކު ރީތިކޮށް ފަހަން އެނގޭ، ފުރަތަމަ ޔޫލީގެ ހެދުން ފަހާނީ، ދެން އެކަހަލަ އެހެން ޔޫލީއެއް ލިބޭނެ، މަޑުމަޑުން އަތްމަތި ވެސް ތަނަވަސް ވާނެއެންނު، އަހަންނަށް އެނގޭ، އިޒޫ އުޅެނީ ވަރަށް ދަތިކޮށްކަން، އަނެއްކާ މަންމަ އެހާ ބަލިވެ އުޅޭތީ ބޭރަށް ދާން ފައިސާ ވެސް އެއްކުރަން ޖެހޭކަން، މިޒަމާނުގައި ކާކު ހިލޭ ސާބަހަށް ރުފިޔާ ބަހާނީ، އެމީހަކު ކުރިމަސައްކަތަކުން މިހާރު ފައިސާ ހޯދޭނީ، ތިމުއްސަނދިން ވެސް ޞަދަޤާތެއް ކުރާކަށް ހިތަށް ވެސް ނާރާނެ، ސޯ ޕްލީޒް އިޒޫ، މިކަހަލަ ފުރުޞަތުތައް ކޮންމެ ފަހަރަކު ނުލިބޭނެ” ސަމަރް އެކުވެރިޔާއަށް ވިސްނައިދޭން ބޭނުންވިއެވެ.
“އެހެންވިޔަސް ޔޫލީ ވަރަށް އިތުބާރުކޮށްފައި އަހަރެން އަތަށް ދޭތަނުން ފޮތިކޮޅު ހަލާކުވެއްޖެއްޔާ ދެން ކިހިނެއް ހަދާނީ” ސަމަރުގެ ޚިޔާލު ރަނގަޅުނަމަވެސް ޢިޒްވާ ޖެހިލުންވާވަރުން ބުނެލެވުނެވެ.
“ޕްރެކްޓިސް މޭކްސް ޕާފެކްޓު، އެހެންނު، އިޒޫ އަމިއްލައަށް ފަހާތާ މިހާރު ކިހާ ދުވަހެއްމިވަނީ، ދެން އަނެއްކާ އިޒޫގެ މަންމަ ވެސް ހުންނާނެއެންނު، އިޒޫއަށް ފަހަން ދަސްވީ މަންމަ ގާތުން، އެހެންވީމަ، މަންމަ އަދި މާ މޮޅުވާނެއެންނު، ތިހާ ބޮޑަށް ނުވިސްނަބަލަ ކަންތައްތަކާ، އޭގެ ބަދަލުގައި ފުރުޞަތެއް ލިބުނީމާ އެފުރުޞަތުގެ ބޭނުންހިފާބަލަ، ކުރެވޭތޯ މަސައްކަތް ކުރެވިދާނެއެންނު” ސަމަރް، ޢިޒްވާގެ ގޮނޑުގައި އަތްޖައްސާލަމުން ބުންޏެވެ.
“ދެން އެންމެ ރަނގަޅޭ ކޮންއިރަކުންތަ މިކަންތައް ނިންމާލަން އުޅެނީ، މިހާރު ޖަލްސާ ވެސް ނިމި ބިލެތްމީރުކޮށްލުން ވެސް ނިމުމަކަށް އައީ، އެކަމަކު މިތަނުން މީހަކު މަދުވިހެނެއް ހިޔެއްނުވޭ” ފުންނޭވާއެއް ލާފައި ސަމަރްއަށް ޖަވާބުދެމުން ޢިޒްވާ ވަށައިގެން ނަޒަރު ހިންގާލިއެވެ.
* * * *
“މޯރާ، ގްލާސް އޮފް އައިސް ވޯޓާ، ޕްލީޒް” މީހުންގަނޑުގެ ތެރެއިން އެއްފަރާތަކަށް ޖެހިލި ޝަދަފް އައިސް ހުއްޓުނީ ސިޑިކައިރީގަ އެވެ. އެވަގުތު އެތާކައިރީ ޕާޓީ ކުރިއަށް ދާގޮތް ބަލަން ހުރި އަމޯރާ ފެނުމުން އޭނާގެ ގާތުން ފިނިފެންތައްޓަކަށް އެދުނެވެ. ހަލުވިކަމާއިއެކު އެތެރެއަށް ހިނގައިގަތް އަމޯރާ އެނބުރި އައީ މަދުސުކުންތުކޮޅެއްގެ ތެރޭގައެވެ. އައިގޮތަށް އައިސް އަތުގައި އޮތް ނެޕްކިނާއިއެކު ފިނިފެންތަށި ޝަދަފަށް ދިއްކޮށްލިއެވެ. އެތަށީގައި ޝަދަފް ހިފުމުން އަމޯރާ އޭނާއަށް ޤަދަރުކުރާފަދަ ގޮތަކަށް އިސް ތިރިކޮށްލައިގެން ހުރެ ދުރަށް ޖެހިލިއެވެ. ސިޑިކައިރީ ހުއްޓިލައިގެން ހުންނައިރު ޝަދަފަށް ޕާޓީގައި އައިސްއުޅޭ ހުރިހާ އެންމެން ކަހަލަ ގޮތަކަށް ފެނެއެވެ. ހިތްގައިމު މިއުޒިކެއްގެ އަޑުއިވެމުންދިޔައިރު ތަނުގެ ރީތިކަމަށް ޚުދު އޭނާ ވެސް ހިތާހިތުން ތަޢުރީފުކޮށްލެވުނެވެ. އޭނާގެ މަންމައަކީ ހިންގުންތެރިއެއްކަން މާކުރިން ވެސް ޝަދަފަށް އެނގެއެވެ. ފެންނަމުންދާ ރޭވުންތެރިކަމަކީ އަސްމަހާނުގެ އަތުން އެކަންކަން ނުކުރި ކަމުގައިވިޔަސް އޭނާގެ ވިސްނުމާއި ޚިޔާލުގެ ތަނަވަސްކަމެވެ. އެއްމިޔަކަނިން ޝަދަފް ހިނިތުންވެލީ އޭނާގެ އުފަންދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި އޭނާގެ މަންމަ ކޮށްފައިވާ ޚަރަދު ފެނިފައެވެ.
“ހާއި…” ކުއްލިއަކަށް ޝަދަފްގެ ގާތުގައި މަޑުކޮށްލި ޒުވާނާ ބުނެލިއެވެ.
“ހާއި…” ކާކުކަން މާރަނގަޅަށް ނޭނގުނު ނަމަވެސް ޝަދަފް އޭނާއަށް ޖަވާބުދިނެވެ.
“އަހަންނަށް ކިޔަނީ ނަވާލް، އަސްލަމްގެ ޔަންގަސްޓް ސަން” ޝަދަފުގެ މޫނުމަތިން ނަވާލަކީ ކާކުކަން ނޭނގޭކަމުގެ އަސަރުތައް ފާޅުވުމުން ނަވާލު އޮޅުން ފިލުވާލަދިނެވެ.
“މިއެންމެންގެ ތެރެއިން ސަލާމަތްވާންތަ މިތަނުގައި ތިހުރީ” މިހެން ބުނެލިއިރު ނަވާލުގެ އެއްވެސް ޖެހިލުންވުމެއްނެތެވެ. ފެންނަފެނުމަށް އެއީ އަލަށް ދިމާވި ދެމީހުންހެން ހީވެސް ނުވެއެވެ.
“އެހެންނެއްނޫން…” ނޭނގިނަމަވެސް ނަވާލު އެބުނީ ތެދެއްކަން ޝަދަފްގެ ހިތާ ސިކުނޑި ޤަބޫލުކުރިއެވެ. އެކަމަކު އޭނާއަށް ޖަވާބު ދެވުނީ ހިތާއި ސިކުނޑީގައިވާ އެއްޗަކާއި ދެކޮޅަށެވެ.
“އަހަރެން މިއައީ މިއެންމެންގެ ތެރެއިން ސަލާމަތްވާން ވެގެން، އެހެންވެ ހިތަށް އެރީ ޝަދަފް ވެސް މިތާ މަޑުކޮށްލައިގެން ތިހުރީ އެބޭނުމުގައޭ” ނަވާލު ތަންކޮޅެއް ބޮޑަށް ހިނިތުންވެލާފައި މިހެން ބުނެލަމުން އަތުގައި އޮތް ޖޫސްތަށިން އެތިފޮދެއް ބޯލިއެވެ. އެހިނދު ޝަދަފަށް ވެސް ބޭއިޙްތިޔާރުގައި ހީނލެވުނެވެ. ފެންނަ ފެނުމަށް ޝަދަފާއި އެއް އުމުރެއްހެން ހީވާ އެޒުވާނާ ޝަދަފަށް ކަމުދިޔައެވެ.
“ސޮރީ… މާބޮޑަށް ދޯ މިހެވުނީ، އަސްލު އަހަރެން ހީކުރީ ބާތްޑޭ ބޯއީއަށް ކަމަށް އެންމެންގެ ސަމާލުކަން ހުއްޓޭނީ އެކަމަކު އަހަންނަށްވުރެ ބޮޑަށް ނަވާލު މިޕާޓީއިން ފިލަން އުޅޭތީ ހިނިއާދެވުނީ” ޝަދަފްގެ ހުރި ދުރުގޮތް ކެނޑި ރަޙުމަތްތެރި ރާގެއްގައި ބުނެލިއެވެ.
“ތެދަށް ބުނަންޏާ، އަހަރެން މިހާރު ނުވޭ މިކަހަލަ ޕާޓީތަކަށް އަންނަ ހިތެއް، ބައްޕަ ބުނުއްވީމަ މިއައީ” ނަވާލު، ޝަދަފުގެ މޫނަށް ބަލާލަމުން ބުނެލިއެވެ.
“ބައްޕަ ބުނުއްވީމަ އެދެން އެކަމެއް ކުރަން މަޖުބޫރުވީ، އަހަރެން ސުވާލެއް ކޮށްލަން ބޭނުން، އެންމެ ރަނގަޅުތަ” ޝަދަފް ރަނގަޅަށް ނަވާލާއި ދިމާލަށް އެނބުރިލަމުން ބުނެލިއެވެ. އެއާއިއެކު ނަވާލު ބޯޖަހާލީ ޝަދަފަށް ހުއްދަދީފިން ކަމުގެ އިޝާރާތެއްގެ ގޮތުންނެވެ.
“މިހާރު އަންނަ ހިތެއް ނުވެޔޭ ބުނީމަ ހީވަނީ ކުރިން ވަރަށް ޕާޓީސް ކުރިހެން” ޝަދަފް އަހާލިއެވެ. ބޭނުމަކަށްވީ އަލަށް ދިމާވި ޒުވާނާ އާއި ރައްޓެހިކަމުގެ ގުޅުމެއް އުފެއްދުމެވެ. ޚިޔާލު އެއްގޮތްކަމަށް އަމިއްލަ ސިކުނޑިއަށް ވިސްނުނީތީއެވެ. ވާހަކަކުރިއަށް ގެންދިއުމަކީ ގުޅުން ބަދަހިކުރުމުގެ ގޮތުން ކުރިއަށް އަޅާލެވޭ ފިޔަވަޅަކަށްވާތީއެވެ.
“އަހަރެން ވެސް ހީކުރީ ފުރަތަމަ މިޕާޓީއަށް ވަދެފައި، ޕާޓީބޯއީއަކީ ޕްލޭބޯއީއަކަށް ވާނޭކަމަށް، އެހެންވެ އަމިއްލަ ސިކުނޑީގައި ޑިޒިޝަން މޭކްކޮށްލެވުމާއިއެކު މާއަވަހަށް ޖަޖްކޮށްލެވުނީ، އެހެރަ ޒުވާނާ ފެނިފައި، ތަރަފް އަންކަލަށް “ޑޭޑް” އޭ ގޮވާލުމުން އިތުރަށް ޖަޖްކުރެވުނުގޮތް ރަނގަޅުކަމުގައި ހީކުރެވުނީ، ހިތަށްއެރީ ޔަޤީނޭ އެއީއޭ ޝަދަފްއަކީ…ހެ ހެ ހެ ހެ… އެކަމަކު އަސްލު ޝަދަފް އާއި ބައްދަލުވެވުމުން ވަރަށް އުފާވެއްޖެ، ކުރެވުނު ހީތަކަށް މާފަށްއެދެން” ދުރުގައި ހުރި ޔޫޝައުއަށް އިޝާރަތްކޮށްލާފައި، ހީނލާމުން ނަވާލު ކުރިއަށް އަތްދިއްކޮށްލީ ޝަދަފާއި ސަލާމުކޮށްލުމަށެވެ. އެއަތުގައި ލަހެއްނުވެ ޝަދަފް ހިފިއެވެ.
“އަހަންނަކީ ޕްލޭބޯއީ އެއްނޫން، އިޓްސް ނޮޓް މައިސްޓައިލް، އައި ޕްރިފަރ ކޮމިޓެޑް ރިލޭޝަންޝިޕްސް، އެއީ ކޮންމެ ކަހަލަ ރިލޭޝަންޝިޕަކަށްވިޔަސް… އަހަރެން ނަވާލާއި ސުވާލެއް ކުރިން” ޝަދަފް އެއްބުމަ އަރުވާލާފައި ނަވާލަށް ބަލާލީ ކަމެއް ހަނދާންކޮށްދޭފަދަ ގޮތަކަށެވެ.
“އައި ލައިކް ޔޫ މޭން، އަހަންނަށް ހީވަނީ އަހަރުމެން ދެމީހުން ވަރަށް ގާތް ދެރަޙުމަތްތެރިންނަށް ވާނެހެން، ވަގުތެއްވީމާ ކިހިނެއްވާނީ އަހަންނާއިއެކު ކޮފީއަކަށް ގޮސްލަން” ނަވާލު ހީނލާފައި މިހެން ބުނެލިއިރު ހީވަނީ އޭނާ އެސުވާލަށް ޖަވާބުދޭން ބޭނުންނުވާހެންނެވެ.
“އަނެއްކާ އަހަރެން ބިރުގަންނަންޖެހޭ ވަރަށް ލައިކް ނުވައްޗޭ، އަހަރެން ސްޓްރެއިޓް އެނގޭ، އައި ލައިކް ގާލްސް” ސަމާސާ ގޮތަކަށް ޝަދަފް މިހެން ބުނެލުމުން ނަވާލުގެ ހިނިގަނޑުފަޅައިގެން ދިޔައެވެ. އަދި އަވަސްއަވަހަށް ހިނިކޮންޓޯރުކުރުމަށްޓަކާއި އަނގަލައްޕާލުމާއިއެކު ތުނިތުނިކޮށް ބަހައްޓާފައި ހުރި ފްރެންޗު ތުނބުޅީގައި އަތްހާކާލިއެވެ.
“އައެމް މެރީޑް، ދަރިއަކު ވެސް އެބައޮތް” ނަވާލު ހެމުން ކަހަލަ ގޮތަކަށް ބުނެލިއެވެ.
“އަހަރެން މާލެ އައީ މިއަދު، މިކޮޅުގައި މާގިނަ ރަޙުމަތްތެރިންތަކެއްނެތް، ގޭދޮށުގައި ކުޑައިރުގެ ދެތިން ރަޙުމަތްތެރިން އުޅޭނެ، އެކަމަކު އެއިން މީހެއްގެ ޚަބަރެއް ނުވޭ، މަންމަ މާބޮޑަށް ރުހިލައްވާކަމަކަށް އެކަމެއްނުވޭ، އެހެންވީމާ ހުސްވަގުތު އަހަންނަށް މިހާރު ވަރަށް ގިނަވާނެ، ނަވާލަށް ރަނގަޅު ވަގުތެއްގައި އަހަންނަށް ގުޅާލަންވީނު، އެކަމަކު އަހަންނަށް ހީވަނީ މިވަގުތު ނަވާލުގެ ނަންބަރު އަހަންނަށް ދިނިއްޔާ ކަންނޭނގެ ފަސޭހަވާނީ، އެއީ އަދި އަހަރެންގެ އަތުގައި ފޯނެއް ވެސް ނަންބަރެއްވެސް ނެތް، ނަންބަރު ފޮނުވާލާނަން މާދަމާގެ ވަގުތަކު، ޔަޤީނުން ވެސް ނަވާލު ދޭ ދަޢުވަތު އަހަރެން ޤަބޫލުކުރާނަން” ޝަދަފް މިހެން ބުނުމާއިއެކު ނަވާލު އޭނާގެ ވޮލެޓުނަގާފައި އެއިން އޭނާގެ އެޑްރެސް ކާޑެއް ނަގައި ޝަދަފަށް ދިއްކޮށްލިއެވެ.
“ޑިފީ… ކޮންއިރެއް ހޯދާތާ، ހިނގާބަލަ ކޭކު ފަޅަން” ކުއްލިއަކަށް ބަދިގެ ފަރާތަށް ވަން އީޝާ އައިސް ޝަދަފުގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ނަވާލު ހިނިއައިސްފައި އެދެމީހުންނަށް ބަލަހައްޓައިގެން ހުއްޓެވެ.
“ކޭކު ފަޅަންށޭ، އޯ ކަމޯން ދޮން، އަހަންނަކީ ގްރޯންއަޕް މޭންނެއް، ކޭކުފަޅަނީ ކުޑަކުދިން، ކުޑަކުއްޖަކަށްވާނީ އަށާރައަހަރު ނުފުރޭނަމަ، އޭގެ ބަދަލުގައި އަހަންނަށް މިފުރެނީ އަށާވީސް އަހަރު، އިޒް ދިސް އަ ބޭޑް ޖޯކް” ދެކޮނޑު އަރުވާލަމުން ޝަދަފް މިހެން ބުނެލިއިރު އޭނާގެ ނިތުގައި ރޫޖެހިފައިވަނީ ހައިރާންވެގެންނެވެ.
“ބައްޕަ އެބަހުންނެވި ޑިފީ ނައިސްގެން، މަންމަގެ ޕްލޭނާއި އެއްގޮތަކަށް ކަންތައްތައް ނުގޮސްފިއްޔާ ޔޫ ނޯ ވަޓް ވިލް ހެޕަން” އީޝާ ކުއްލިއަކަށް ޝަދަފުގެ އަތުން ދޫކޮށްލުމާއިއެކު އޭނާގެ އުނަގަނޑުގައި ދެއަތްވިއްދާލަމުން ބުނެލިއެވެ.
“އޯކޭ… އޯކޭ… ނަވާލް، ޕްލީޒް އެކްސްކިއުޒް މައި ޑްރެމެޓިކް ފެމިލީ” ނަވާލަށް ބަލާލި ޝަދަފު އޭނާގެ ލޯބޮޑުކޮށްލަމުން ދެބުމަ ހިއްލާލީ އޭނާއަށް އީޝާ އާއިއެކު ދިއުން މަޖުބޫރުވެއްޖެޔޭ ބުނާފަދަ ގޮތަކަށެވެ. އެއާއިއެކު ހިނިތުންވެލައިގެން ހުރި ނަވާލު ބޯޖަހާލިއެވެ. އަދި އީޝާ އާއި ޝަދަފުގެ ފަހަތުން ހިނގައިގަތެވެ.
“ހެޕީ ބާތްޑޭ ބްރޯ” އެއްވެފައި ތިބި މީހުންގެ ތެރެއަށް ޝަދަފް ނުކުތުމާއިއެކު ޔޫޝައު އައިސް ޝަދަފްގެ ކޮނޑުގައި ޖަހާލަމުން ބައްދާލިއެވެ. ހަމައެވަގުތު އެމީހުނާއި އެންމެ ގާތުގައި ހުރި ޒައުލް ވެސް އުފަންދުވަހުގެ ތަހުނިޔާ ކިޔަމުން ޝަދަފުގެ ގައިގާ ބައްދާލައިފިއެވެ. އޭރު ބޮޑުކޮޓަރީގެ ކްރިސްޓަލް ޗާންދަލިޔާ އާއި ދިމާވާގޮތަށް ހުރި ކަޅުކުލައިގެ ހައިވަކަރު ވަށްމޭޒުމަތީ ހަތަރެސްކަނަށް އަޅާފައި އޮތް ކޭކެއް އޮތެވެ. އަސްމަހާނު ކުރިއަށްޖެހިލައި ކޭކުގެ ކައިރީ ބާއްވާފައި އޮތް ވަޅި ނަގާ ޝަދަފްގެ އަތަށް ދިއްކޮށްލިއެވެ. އެހިނދު ކުރިން އިވެމުންދިޔަ ހިތްގައުމު މިއުޒިކުގެ އަޑުމަޑުވެ ބޮޑުކޮޓަރިތެރޭގައި އެއްވެފައި ތިބި އެންމެންގެ އަޑުގަދަވެގެން ދިޔައެވެ. ހުރިހާ އެންމެން އެއްއަޑަކުން ޝަދަފަށް އުފަންދުވަހުގެ ލަވަކިޔާދެމުންދިޔައެވެ. އުއްބައްތިއެއް ޖަހާފައި ނުވާ އެކޭކު ޝަދަފު ފަޅާލިއެވެ. އަދި އާދައިގެ މަތިން ކަންތައްކުރާ އުސޫލު ފަދައިން ފުރަތަމަ ކޭކުކޮޅު މައިންބަފައިންގެ އަނގަޔަށް ލަވާދިނުމަށްފަހު ޢާއިލާގައި ދެންތިބި މެންބަރުންނަށް ކޭކު ލަވައިދިނެވެ. ދެން ފެނުނީ ގޭގައި ގެންގުޅޭ ޝެލީން އައިސް ކޭކު ފޮތިފޮތިކޮށްފައި ތަށިތަކަށް އަޅާފައި މެހެމާނުންނަށް ދޭތަނެވެ.
“މާދަމާ ޕްލޭން އޮތީ ކިހިނެއް” ފަހަތުން މީހަކު ޝަދަފުގެ ކޮނޑުގައި ޖަހާލާފައި އަހާލިއެވެ. ޝަދަފު އެނބުރިލިއިރު އޭނާގެ ކުރިމަތީގައި ހުރީ ރީޝަމެވެ.
“މާދަމާ ދޯ…. އަދި ނޭނގެ، މާދަމާ ވީމަ އެނގޭނީ ޕްލޭން އޮތްގޮތެއް، ބޮޑަށް ހީވަނީ ފެމެލީ ޓައިމްކޮޅެއް ސްޕެންޑުކޮށްލާނީހެން” ޝަދަފު މިހެން ބުނެލުމުން ރީޝަމްގެ މޫނުމަތި މިލައިގެން ދިޔަހެން ހީވިއެވެ.
“އެހާ ދުވަސްފަހުން އަދިކިރިޔާ ޝަދަފު މިފެނުނީ، އީޝް ބުނި ޝަދަފު ތިއައީ އެއްކޮށް މިކޮޅުގައި އުޅެންކަމަށް، އެހެންވީމަ އަހަރުމެން ދެމީހުން އަދި ދިމާވާނެ އެންނު، ނޫނީ އަހަންނަށް ފިލައިގެންތަ އުޅޭނީ” ރީޝަމް އަތުގައި އޮތް ކްލަޗްގައި ބާރަށް ހިފާލަމުން ބުނެލިއެވެ. އޭނާ ހުރީ ފިނިވެފައިކަން ޝަދަފަށް އެނގެން ބޭނުންނުވާކަހަލައެވެ.
“ކީއްކުރަން ފިލައިގެން އުޅެންވީ، ދޮން އެބުނީ ރަނގަޅަށް، އަހަރެން ދެން ކިޔަވާކަށް ނުދާނަން، މިކޮޅުގައި އުޅޭނީ، ރީޝް މިގެއަށް އަންނަ ފަހަރަކުން ދިމާ ވެސް ވާނެތާ” ޝަދަފު މިހެން ބުނެލިވަގުތު ފަހަތުން އައި ޒުވާނާ އޭނާގެ ފަހަތުން ބުރަކަށީގައި އަތްޖައްސާލިއެވެ.
“ސީޔޫ، ގުޑްނައިޓް” ރީޝަމް އިތުރު އެއްޗެއް ނުބުނެ އަވަސް އަވަހަށް ޝަދަފާއި ދުރަށް ހިނގައިގަތުމުން އޭނާގެ ގާތުގައި އައިސް ހުއްޓުނީ ކާކުތޯ ބަލާލިއެވެ.
“ޒައުލް…” ޝަދަފް ހިނިއައިސް ފައި ބުނެލިއެވެ.
“ބްރަދަރ… ޝީ ލައިކްސް ޔޫ” ޒައުލް ފަރިކޮށް ހިނގާލާފައި ދިޔަ ރީޝަމަށް ބަލަހައްޓައިގެން ހުރެފައި ބުނެލިއެވެ.
“ސޯ ވަޓް…” ހިނިއައިސްފައި ބޯއަރިކޮށްލަމުން ޒައުލްއަށް ބަލާލި ޝަދަފު ބުނެލިއެވެ.
“ގޯ ގެޓްހާ، ޝީޒް ބިއުޓިފުލް، ނޫންތަ… ރަސަލް އަންކަލްގެ ހުރި ހަމައެކަނި ޕްރިންސަސް” ޒައުލްގެ އަޑުހުރިގޮތުން ހީވަނީ އޭނާ ސަމާސާ ކުރަނީހެންނެވެ.
“އެކަހަލަ އިންޓަރެސްޓެއްނެތް، ރީޝްއަކީ ކުޑައިރުއްސުރެ ފެންނަ ރަޙުމަތްތެރިއެއް” ޝަދަފު މިހެން ބުނެފައި ޒައުލް އާއި ކުރިމަތިވާގޮތަށް އެނބުރިލިއެވެ.
“މީޓް އަޕް ވެލަން ވާނެ އެންނު، ގާޑަންވިއުއަށް ޑިފީ ދާންވާނެ، އެފަހަރު ސެމެސްޓަރ ބްރޭކްގަ އައިސްފައި އެތަން ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރި ނުވެ ފުރައިގެން ދިޔައީ، ބައިވަރު ކަންތައްތައް އޭގެ ފަހުން ހިނގައިފި، އަހަރެންގެ ބިއުޓިފުލް ވައިފް ދެކުނިންތަ، ނަމަކީ ޔޫހާ” ޒައުލް އޭނާގެ ފަޓުލޫނުގެ ޖީބަށް އަތްޖަހާލަމުން ޔޫހާގެ ނަންބުނެލީ ފޮނިގޮތަކަށެވެ.
“އާން! އާން! ދޮން އަހަންނަށް ކޮންމެވެސް ވަރަކަށް ތިވާހަކަތައް ކިޔައިދިން، ކޮބާތަ ދަރިފުޅު، އަހަރެން ހީވެސް ނުކުރަން އެކަހަލަ ކަމެއް ޒައުލް ކޮށްފާނެއޭ” ޝަދަފް ޤަބޫލުނުކުރެވިގެން ދެފަރާތަށް ބޯތަޅުވާލިއެވެ.
“ދެން އެވާހަކައިހަށްބާއްވާ، މިވަގުތުދައްކާއެއްޗެއް ނޫން، މިހާރު ހުރިހާ ކަމެއްވެސް އޯކޭ، ވީ އަރ ހެޕީ، ކިޔާން ފެނުނީމަ ޑިފީއަށް ވެސް އެނގޭނެ އެއީ މަގޭ ދަރިއެއްކަން، ތިހެން އުޅޭއިރު އަހަރުމެން ގެއަށް ވެސް ޖައްސާލަންވާނެ، ކޮންމެ ފަހަރަކު އަހަރެން ގުޅީމައެއްނޫން ބައްދަލުކުރާނީ” ޒައުލް މިހެން ބުނެލާފައި ހިނިތުންވެލިއެވެ.
“އޭތް! ދެން ދަނީ އިނގޭ، މިހާރު ވަރަށް ލަސް ވެސް ވެއްޖެއެންނު، ދަމުން ޑިފީ އާއި ވާހަކަދައްކާނުލާ ނުދާންވެގެން އެކުން މިމަޑުކޮށްލެވުނީ ވެސް” ޒައުލް މިހެން ބުނެ ހިނގައިގަތުމުން ޝަދަފު ވެސް އޭނާ އާއިއެކު ހިނގައިގަތެވެ.
“ތޭންކްސް މޭން، އެންޑް ގުޑްނައިޓް… މާދަމާ ފޯނެއް ގަނެގެންނު ކަމެއްވާނީ” ބޮޑުކޮޓަރީގެ މައިދޮރާއި ހަމައަށް ޒައުލް އާއިއެކު ދިޔަ ޝަދަފް ބުނެލިއެވެ.
“އޯކޭ… ހެޕީ ބާތްޑޭ އެންޑް ގުޑްނައިޓް” ދޮރުކައިރީ އީލާކާއިއެކު މަޑުކޮށްލައިގެން ހުރި ޔޫހާއަށް ޒައުލް އަތްދިއްކޮށްލާފައި އެނބުރި ޝަދަފަށް ބަލާލަމުން ރޭގަނޑުގެ ވަދާއުގެ ސަލާމުކުރިއެވެ.
އުފަންދުވަހުގެ ހަފްލާގައި ބައިވެރިވި އެކިއެކި ޢާއިލާތައް ވަކިވަކިން ސްޓަރލައިޓް ހޭވަންއިން ނުކުމެގެން ގޮސް ބޮޑުކޮޓަރިތެރެ ފަޅުވެއްޖެއެވެ. ޒައުލް އާއި ވަކިވުމުގެ ސަލާމުކޮށްލުމަށްފަހު ޝަދަފު ހިނގައިގަތީ ސިޑި އާއި ދިމާލަށެވެ. އޭނާގެ ކޮޓަރިއަށް ގޮސް ލައިގެން ހުރި ސޫޓު ބަދަލުކޮށްލަން ބޭނުންވެފައި ހުރިވަރުންނެވެ. ނަމަވެސް ބަދިގެތެރޭގައި އޭރު އޭނާގެ މަންމަ އާއި ބައްޕަ ވާހަކަދައްކަން ތިބީ ރީޝަމްގެ ޢާއިލާ އާއިއެވެ. ޝަދަފް ފެނުމާއިއެކު ރަސަލް އޭނާއަށް ގޮވާލާފައި އެމީހުން ގާތަށް އައުމަށް ބުންޏެވެ.
“ޝަދަފްގެ އުފަންދުވަހުގެ ހަދިޔާ ހިފައިގެން އައުމަކީ ފަސޭހަކަމަށް ނުވާތީ އެނުލާ އައީ، އެކަމަކު ރަސަލް އަންކަލްގެ ފޯނުގައި ހަދިޔާގެ ފޮޓޮއެއް އޮންނާނެ، ކުރިން ހިތަށްއެރީ ފޯނުން ދައްކާލާނީއޭ، އެކަމަކު މިހާރު ބޭނުންވަނީ ޝަދަފް ގޮވައިގެން ގޮސް އެހަދިޔާ ހަވާލު ކުރަން” ރަސަލް ހެވިފައި ހުރެ އޭނާގެ ގާތުގައި އައިސް ހުއްޓިލި ޝަދަފުގެ ކޮނޑުގައި ޖަހާލަމުން ބުންޏެވެ.
“ބައްޕައަށް ނޭނގުނު ދަރިފުޅަށް ދޭނީ ކޮން ހަދިޔާއެއްކަމެއް، އެހެންވެ ދަރިފުޅު ގާތު އަހާފައި ދަރިފުޅު ބޭނުން އެއްޗެއް ހޯދައިދޭން ބޭނުންވަނީ” ޝަދަފުގެ އުފަންދުވަހުގައި އެންމެންހެން ދެމުންދިޔަ އަގުބޮޑެތި ހަދިޔާތަކުން ތަރަފްގެ ހިތަށް އަސަރުތަކެއް ކޮށްފައިވާފަދަ ގޮތަކަށް ބުނެލިއެވެ. އެހެންވިޔަސް އޭނާ ވާހަކަދެއްކީ ތެދުބަހުންނެވެ. ދަރިފުޅަށް އުފަންދުވަހުގެ ހަދިޔާ އެންމެ ފުރަތަމަ ދޭން ބޭނުންވީ އޭނާއެވެ. ނަމަވެސް އެދަރިފުޅުގެ މިޒާޖުގައި ހުންނަ ތަފާތުކަމުން އޭނާއަށް ކަމުދާނީ ކޮންކަހަލަ އެއްޗެއް ކަމެއް ތަރަފްއަށް ދެނެގަންނަން އުނދަގޫވީއެވެ.
“ބައްޕައަށް ފެނިލައްވާ އެއްޗެއް ދިނީމާ އަޅުގަނޑަށް އޯކޭވާނެ، ރަސަލް އަންކަލް އަޅުގަނޑަށް ގުޅާލެއްވުމުން އަންކަލްގެ ގާތަށް އަޅުގަނޑު ހިނގައިދާނަން، ޒަބާދައްތާ، ރީޝް ގެއަށް ދިޔައީތަ” އެކަނިވެލަން ބޭނުންވެފައި ހުރި ޝަދަފު ވާހަކަ ބަދަލުކޮށްލަން މަސައްކަތް ކުރިއެވެ.
“ރީޝަމްވީ އީޝާ އާއިއެކު މަތީގައި” ރަސަލްގެ އަންހެނުން ޒަބާ ހިނިތުންވެލައިގެން ހުރެ ބުނެލިއެވެ.
“ރީޝް ކޮންމެދުވަހަކުހެން ކަހަލަ ގޮތަކަށް އަހާނެ ދަރިފުޅު އަންނަނީ ކޮންދުވަހުންތޯ، އެކަމަކު މިއަދު އެމަންޖެއަށް ޝަދަފު ފެނުނީމާ ހީވަނީ ވަރަށް ލަދުގަނެފައި ހުރިހެން” އަސްމަހާނު ހީނލާފައި ބުނެލިއެވެ.
“ބައްޕާ، އަޅުގަނޑު ގޮސްލިޔަސް އެންމެ ރަނގަޅުތަ” ޝަދަފް މިހެން ބުނުމުން ތަރަފް ބޯޖަހާލިއެވެ. އެއާއިއެކު އަވަސް އަވަހަށް ދުރުދުރުގައި ފައި އަޅާލަމުން ޝަދަފް އައިސް ސިޑިން އަރައިގެން ދިޔައެވެ.
ކޮޓަރިއަށްވަދެ ދޮރުފަތް ތަޅުލީ އިތުރު މީހެއްގެ އުނދަގޫ ޝަދަފަށް ވާން ނޭދޭތީއެވެ. ލައިގެން ހުރި ޖެކެޓު ބާލާފައި އެނދުކައިރީ ހުރި ގޮނޑިމައްޗަށް އެއްލުމާއިއެކު އޭނާ އަވަސް އަވަހަށް ވަނީ ފާޚާނާއަށެވެ. ފެންވަރާލާ ސިކުނޑިއަށް ފިނިކަމެއް ހޯދާލުމަށެވެ. މަތިމަތިން އެއްޗެހި ލައިގެން ހުރިއިރު އޭނާ ހުރީ ކޮންމެވެސް ވަރަކަށް ދާހިތްލާފައެވެ.
ފެންވަރާލައިގެން ފާޚާނާއިން ނުކުން ޝަދަފް އޭނާގެ ފަންއިސްތަށިގަނޑު ތުވާލިން ހިއްކަމުން ދިޔައެވެ. ރީތިވާ މޭޒުކުރިމަތީ ހުއްޓިލަމުން އޭނާގެ ސިފަ ލޯގަނޑުން ބަލާލިއެވެ. އައިއިރު އޭނާގެހުރި ތުނބުޅި އާއި މަތިމަސް މިހާރުވަނީ ބާލާފައި ރީތިކޮށް އޮމާންކުރެވިފައެވެ. ކޮނޑާއި ހަމައަށް ހުރި އިސްތަށިގަނޑު ވެސް ރީތިގޮތަކަށް ކަންފަތާއި ހަމައަށްވަނީ ކޮށާލެވިފައެވެ. އެހެންނަމަވެސް އޭނާއަށް ލިބިފައި އެވަނީ އަސްމަހާނުގެ އިސްތަށިގަނޑެވެ. ފަންކަމުން އިސްތަށިތައް ހިމޭނުން ތަރުތީބުކޮށް ބެހެއްޓުމަކީ ފަސޭހަކަމެއްނޫނެވެ. ފުންނޭވާއެއް ބޭރުކޮށްލާފައި ކަރުގައި އަޅުވާލި ތުވާއްޔާއިއެކު އައިސް ބެލްކަނީގައި މަޑުކޮށްލިއެވެ. އެތަނުގައި މަޑުކޮށްލުމާއިއެކު ކުރިމަތިން ފެންނަން ހުރި އިމާރާތުގެ ބެލްކަންޏަށް ނުކުމެވެން ހުރި ދޮރާ ދިމާލުން އަލިކަމެއް ޝަދަފަށް ފެނުނެވެ. ދަމާފައި ހުރި ފަރުދާއިން ފުރޭނިގެން ކަހަލަގޮތަކަށް އަންނަ އަލިކަމުގައި މީހެއްގެ ހިޔަންޏެއް ހަރަކާތްތެރިވަމުން ދާތަން އޭނާއަށް ފެނުނެވެ. ކަރުގައި އަޅުވާލާފައި އޮތް ތުވާލީގެ ތިރިއަށް އެލިފައި އޮތް ދެކޮޅުގައި ދެއަތުން ހިފާއްޓާލައިގެން ޝަދަފް ހުރިއިރު އޭނާގެ ނަޒަރު ވަށައިގެން ހޯދަމުން ދިޔައެވެ. ރޭގަނޑުގެ އެގަޑީގައި އެމާހައުލު ދަސްކުރަން އުޅޭކަހަލައެވެ.
* * * *
ޗަރޖަށް ފޯނު ޖަހައިގެން އެއަށް ބަލަހައްޓައިގެން ޢިޒްވާ ހުއްޓެވެ. ފޯނުގެ ސްކްރީނު ދިއްލޭނެ އިރެއްގެ އިންތިޒާރުގައެވެ. އުނަގަނޑުގައި އެއްއަތްވިއްދާލައިގެން ހުރިއިރު އޭނާގެ މޫނުމަތިން ފެންނަނީ ކެތްތެރިކަން ކުޑަވެފައިވާ މިންވަރެވެ.
“ދަރިފުޅާ، މުސާރަލިބެން ދެން މާގިނަދުވަހެއް ނެތެންނު، އެހާ އަގުބޮޑެއްވެސް ނޫނެންނު ތިޔަކަހަލަ ފޯނެއް، ކޮންމެ އެއްޗެއް ވެސް ހަލާކުވާނެ، ދެން މާބޮޑު ކަމަކަށް ނުހަދާ އާދޭ ނިދަން، ހެނދުނުން ހޭލަންވެސް ޖެހޭނެ އެންނު” އެނދުގައި އޮތް ފަރުޝާއަށް ދަރިފުޅުގެ މޫނު ފެނިފައި ބުނެލިއެވެ.
“ދެން ކުރާނެކަމެއްނެތް، ފޯނު މިއޮތީ ހަލާކުވެފައި… މަންމާ، ކުޑަވަގުތުކޮޅަކަށް މިދޮރު ހުޅުވާލަންތަ، ކޮޓަރިތެރެ ވަރަށް އުދާސްވެފައި ހުރިހެން ހީވަނީ، އަހަރެން ނިދުމުގެ ކުރިން ހަނދާންކޮށް ދޮރުލައްޕާނަން” ޢިޒްވާ ފަސްވޯޓުގެ ނިދާބޮކި ދިއްލާލާފައި ފަރުޝާއަށް ބަލާލަމުން ބުނެލިއެވެ.
“ކޮންމެވެސް ހަނދާންކޮށް ލައްޕާތި، ވަގުން އެހާ ގިނައިރު ވަރަށް ބަލައިގެން އުޅެންޖެހޭނީ” މިހެންބުނެ ފަރްޝާ ބިއްދޮށަށް އެނބުރިލިއެވެ.
ޢިޒްވާ މަޑުމަޑުން އައިސް ބެލަކަނީގެ ދޮރުހުޅުވާލާފައި ނުކުން ވަގުތު އެހެންޏާ ނުފެންނަ މަންޒަރެއް ފެނުމުން ހުއްޓުން އަރާގޮތްވިއެވެ. ކުރިމަތީގައި ހުރި ބެލްކަނިން އެގަޑީގައި ޒުވާން ފިރިހެނަކު ފެނިދާނެއޭ ހީވެސް ނުކުރެއެވެ. ކަރުގައި ތުވާލި އަޅުވާލައިގެން ހުރެ ޢިޒްވާއަށް ބަލާލިގޮތުން އޭނާއަށް އުނދަގޫވިއެވެ. އެހެންނަމަވެސް އެކަން އަންގަން ބޭނުންނުވެ ހުރެ މަޑުމަޑުން ކުރިއަށް ޖެހިލާ ބެލްކަނިން ދެފަރާތަށް ބަލާލުމަށްފަހު ޢިޒްވާ އެނބުރި އެތެރެއަށްވަނެވެ. ބެލްކަނީގެ ދޮރު ހުޅުވާލާފައި ބެހެއްޓުމުގެ ބަދަލުގައި އަވަސް އަވަހަށް ދޮރުލައްޕާ ތަޅުލިއެވެ. ފަނޑުއަލިކަމުގެތެރެއިން ފެނުނު އެޒުވާނާ މީގެ ކުރިން ނުދެކޭތީ އެއީ ކާކުބާއޭ ޢިޒްވާގެ ހިތަށް އެރިއެވެ. ކުރިން ވެސް ސްޓަރލައިޓް ހޭވަންއަކީ އާދައިގެ ބަޔަކު ދިރިއުޅޭ ގެއެއް ނޫންކަން ޢިޒްވާއަށް އެނގެއެވެ. އެހިސާބުގަނޑު އެހެން މީހުންނަށް ވެސް އެއީ ނޭނގޭކަމެއް ނޫނެވެ. އެހެންވީމާ އެފެދަ ގޭގެއަށް މެހެމާނުން އައިސްތިބުމަކީ ވުން ގާތްކަމެކެވެ. ނަމަވެސް ޢިޒްވާ އެކަމާ ހިތްހަމަނުޖެހުނީ ދެއިމާރާތް އެހާ ކައިރީގައި ހުރެފައި އޭނާއަށް ލިބިފައި އޮތް މިނިވަންކަމަށް ހުރަސްއެޅޭނެއޭ ހިތަށް އެރުމުންނެވެ. ހިތްހަމަޖައްސާލަން ބެލްކަންޏަށް ދެން ނުނިކުމެވިދާނެއޭ ހިތަށް އަރާފައެވެ. އެމީހަކު އަބަދު އެތަނުގައި ހުރެދާނެތީއެވެ. ތުންއަނބުރާލާފައި ފޫހިގޮތަކަށް ފައިޖަހާލަމުން އައިސް ފަރްޝާގެ މަގަތުން އެނދުގައި ޢިޒްވާ އޮށޯތެވެ. ވިސްނުމުގެ ތެރޭގައި ފޫހިވެފައި އޮންނާކަށް ޢިޒްވާއަކަށް ވަގުތެއްނުވިއެވެ. މަދު ސުކުންތުކޮޅެއްގެ ތެރޭގައި އޭނާ ނިދީގެ ފުންކަމުގެތެރެއަށް ގެނބިނިމިއްޖެއެވެ.
* * * *
“އެއީ ހަމަ އެއަންހެން ކުއްޖާ، ވަޓް އަ ކޮއިންސިޑެންސް، ފުރަތަމަ އަހަރެން ފެނިފައި ފްރީކް އައުޓްވެފައި ހުރިހެން ހީވަނީ، ވެދާނެ އޭރު އަހަރެން ހުރިގޮތުން ކަމަށް، އެއްޗެއް ބުނެލިނަމަ ދޯ… އޭނާގެ ފޯނު ވެއްޓުނު، އަހާލެވުނުނަމަ ފޯނު ރަނގަޅުތޯ، އެކަމަކު ހާދަ އަވަހަކާއޭ އެވަނީ… އަންހެން ކުދިން… ކޮމްޕްލިކޭޓެޑް ބައެއް…” އެނދުގައި އޮށޯވެލައިގެން އޮތްއިރު ޝަދަފުގެ ހިތަށް އަރަމުންދިޔައެވެ. ސައިޑް ޓޭބަލް މަތީ އޮތް ރިމޯޓުން ބެލްކަންޏަށް ނުކުމެވެން ހުރި ދޮރާދިމާލުގައި ހަރުކޮށްފައި ހުރި ފަރުދާތައް ދަމާލަމުން ކޮޓަރިތެރެ ނިވާކޮށްލިއެވެ. އަދި އަރިއަކަށް އެނބުރި ކައިރީގައި އޮތް ބާލީސް ގެނެސް މެޔާއި ކައިރިކޮށްލައިގެން އޮވެ ޝަދަފް ދެލޯ މަރާލިއެވެ.
* * * *
ފަތިސް ނަމާދަށް ހޭލިގޮތަށް ޢިޒްވާ އަތްމަތި އަވަސްކޮށްލާފައި ހުރީ އޮފީހަށް ދާންވާއިރަށް ހެނދުނުގެ ސައިތައްޔާރުކޮށްފައި ދިއުމަށެވެ. ފަރްޝާއަކީ ބަލިމީހަކަށް ވާތީ ޢިޒްވާ އޭނާގެ މަންމައަށް ގޭތެރޭގެ އެއްވެސް މަސައްކަތެއް ނުޖައްސައެވެ. މެންދުރު ގެއަށް ނާދެވޭނެތީވެ މެންދުރަށް ކައްކަންޖެހޭ ބަތްކޮޅުވެސް އޭނާދަނީ ހެނދުނު ހަޑޫދޮވެފައި ބަހައްޓާފައެވެ. އޭރުން ރައީސްކުކާއަށް ހަޑޫކޮޅު ހަމައެކަނި ފަރްޝާއަށް އަޅާލަންޖެހޭކަމެވެ. ލައިގެން ކާނޭ އެއްޗިހި ހެނދުނު ޢިޒްވާ ތައްޔާރުކުރެއެވެ. އެންމެ ދެމީހުންވީމާ މާގިނައެއްކޮށް ކެއްކުމުގެ މަސައްކަތެއް ކުރާކަށް ނުޖެހެއެވެ. ފަރްޝާއަކީ ކޮންމެކޮންމެ އެއްޗެއް ކެއުން ޑޮކްޓަރު މަނާކޮށްފައިވާ މީހަކަށްވާތީ ޢިޒްވާ އުޅެނީ ވަރަށް ބަލައިގެންނެވެ.
“މަންމާ، އަހަރެން އޮފީހަށް ގޮސްފަ މަންމައަށް ގުޅާނަން، ހަނދާންކޮށް ބޭސްކައްޗޭ” ޢިޒްވާ އައިސް ބެލްކަނި ހުޅުވާލަމުން ބުންޏެވެ. އަދި ބެލްކަނީގައި ރޯވެފައި ހުރި މާގަސްތަކަށް ފެންދިނެވެ. ރޭގައިވީ އެއްވެސް ކަމެއް އޭނާ ހަނދާން ހުރިހެނެއް ހިޔެއްނުވެއެވެ. ހަރަކާތްތައް ހުރީ އާދައިގެ މަތިން ހުންނަގޮތަށެވެ.
“ދަރިފުޅު މިފޯނު ގެންދަންވީނު” އެނދުމަތީ ދުޢާފޮތެއް ހިފައިގެން އިން ފަރްޝާ އޭނާއަށް ޢިޒްވާ ދީފައި އޮންނަ ފޯނު ދިއްކޮށްލިއެވެ.
“ނޫން މަންމާ، ތިހިފައިގެން ގޮސްފިއްޔާ މަންމަގެ ހާލު ބަލާނީ ކިހިނެއް، ބޮޑުކަމެއް ޖެހިގެން މަންމައަށް ވެސް ތަނަކަށް ގުޅާނުލެވޭނެ، މިހުރިހާ ކަމަކީ ވެސް އެމީހާ ގަނޑުގެ ކަންތައް، އަންހެން ކުއްޖަކު ފެނުނީމަ އައިސް ޖެހިގަންނަން ޖެހޭވިއްޔާ” ޢިޒްވާ ލޯގަނޑު ކުރިމަތީ ހުރެ ފުނާ އަޅަމުން މިހެން ބުނެލި އިރު ޖެހިގެން ހުރި ބެލްކަނީގައި ކޮފީތަށި ހިފައިގެން ހުރި ޝަދަފަށް އެއަޑު ސާފުކޮށް އިވުނެވެ. ސިހިގެން ދިއުމާއިއެކު ތުނބުގައި ޖަހާލެވުނު ކޮފީތަށި ޝަދަފަށް ތިރިކޮށްލެވުނެވެ.
ބެލްކަނީގައި ހުރި ޝަދަފުގެ ސަމާލުކަން ޢިޒްވާއަށް ދެވިފައި ހުއްޓެވެ. ކައިރީގައި ހުރި ކުޑަމޭޒުމަތީ ކޮފީތަށި ބަހައްޓާލުމާއިއެކު އޭނާ އެއްފަރާތަކަށް ޖެހިލީ ރީތިވަމުން ދިޔަ ޢިޒްވާ ރަނގަޅަށް ބަލާލުމަށެވެ.
“އޯ… އެހެންވީމަ ރޭގައި އަހަރެންގެ ސަބަބުން އޭނާގެ ފޯނު ހަލާކުވީތާ، އެކަމަކު އަހަރެން ޖެހިގަތީ ގަސްދުގައެއްނޫން” ޢިޒްވާއަށް ބަލަން ހުރިއިރު ޝަދަފްގެ ހިތަށް އަރަމުން ދިޔައެވެ. އެވަގުތު ޢިޒްވާ ރީތިވެ ނިމިގެން ތުވާލި ހިފައިގެން ބެލްކަންޏަށް ނުކުންތަން ފެނުމާއިއެކު ޝަދަފް އަވަސް އަވަހަށް ކޮޓަރިތެރެއަށް ޖެހިލާ ދޮރުފޮތިތަކާއި ނިވާވެލިއެވެ. އަދި ސިއްރުން ބަލަން ހުއްޓާ ބެލްކަނީގައި ހުރި ހަރުގަނޑުގައި ތުވާލި އަޅުވާލާފައި ޢިޒްވާ އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.
އޮފީހަށް ދިއުމަށްޓަކައި އިމާރާތުގެ މައިދޮރޯށުން ޢިޒްވާ ބޯދިއްކޮށްލީ ވަރަށް ވެސް ސިއްރުންނެވެ. އެއީ އެހިސާބުގަނޑުގައި ހެނދުނު ގަނޑީގައި އެއްވެފައި އޮންނަ ގުރޫފުގަނޑުގެ ސަބަބުންނެވެ. އެންމެ ދުވަހެއް ވެސް ޢިޒްވާ އާއި ފޮށެނުލާ އެމީހުން ނުތިބެއެވެ. އެއިމާރާތުގެ އެޕާޓްމެންޓަށް އޭނާ އާއި އޭނާގެ މަންމަ ބަދަލުވީއްސުރެން ޢިޒްވާއަށް ކުރިމަތިވާ އާންމު އުނދަގުލަކަށް އެކަންތައްވަނީ ވެފައެވެ. ބައެއްފަހަރު އޭނާ ބިރުވެސް ގަނެއެވެ. އެމީހުންނަކީ ޒުވާންފުރައިގެ ފިރިހެނުންނަށްވެފައި އެއިން މީހަކު އައިސް ގަޔަށް އަތްލާފާނެތީއެވެ. ހެނދުނުގެ ތާޒާކަމާއި ހިތްހަމަޖެހުމުގެ ހިނިތުންވުމެއް ޢިޒްވާގެ މޫނުމަތިން ހެނދުނު އޮފީހަށް ދާން ނުކުންނައިރު ނުފެންނަނީ ވެސް އެހެންވެއެވެ. ކޮނޑުގައި އަޅުވާލާފައި އޮތް އަތްދަބަހުގައި ބާރަށް ހިފާއްޓައިލައިގެން ހުރެ ޢިޒްވާ ހަލުވިކޮށް ހިނގައިގަތެވެ.
“މަންޖޭ، ގުޑް މޯނިންގް…” ގޯޅިތެރޭ ޕާކުކޮށްފައި ހުރި ސައިކަލުތައް މައްޗަށް ޖެހިފައި ތިބި ފިރިހެން ގުރޫޕުގެ ތެރެއިން އެކަކު ބުނެލިއަޑުއިވުނެވެ.
“މިއަދު ހާދަ ދޮންވެފާ ރީއްޗޭ، އާވައްތަރެއްގެ ފުށެއް ޖަހާފަތަ ތިހުރީ” އެމީހުންގެ ތެރެއިން އެހެން މީހަކު ބުންޏެވެ.
އިސްޖަހާލައިގެން ހުރެ ޢިޒްވާ ބާރު ބާރަށް ހިނގައިފައި މައިމަގަށް ނުކުތެވެ. މިމަންޒަރު ބަލަން ބެލްކަނީގައި އަތްއަޅުވާލައިގެން ޝަދަފް ހުއްޓެވެ. އޭނާގެ މޫނުމަތިން ހިތްހަމަ ނުޖެހުން ފާޅުވުމާއިއެކު އެފިރިހެން ގުރޫފުގެ ތެރޭގައި ހުރި ދެމީހަކު ވަކިކުރަން އޭނާއަށް އެނގުނެވެ. އަވަސް އަވަހަށް ކޮޓަރިތެރެއަށް ވަދެ ޓީޝާޓެއް ގަޔަށް ހެޔޮވަރުކޮށްލައިގެން ތިރިއަށް އައެވެ.
“މުންސިރު…” ގޭގެ ދޮރޯށިން ބޭރަށް ނުކުމެ ލައިގެން ހުރި ސޯޓުގެ ދެޖީބަށް އަތްޖަހާލަމުން ހަރުގޮތަކަށް ޝަދަފް ގޮވާލިއެވެ. އެވަގުތު އެއްފަރާތުގައި ތިބި ގުރޫޕުގަނޑުގެ ތެރެއިން ހިމަތޮޅި ޒުވާނަކު ބޯއަރިކޮށްލާފައި ބަލާލުމާއިއެކު އޭނާގެ ބައްތިރީސް ދަތް އެއްކޮށްހެން ފެނިގެން ދިޔައެވެ.
“ހޭ މޭން، ކޮންއިރަކު އައީ، އަންގާ ވެސް ނުލަމެންނު، ތިގޮލާ އައިސް ގެން ދޯ ރޭގަ މިގޭގައި ޕާޓީ ކުރުން އޮތީ” ގުރޫޕުގަނޑާއި ވަކިވެގެން އައި ޒުވާނާ ޝަދަފާއި އަރާ ހަމަކުރަމުން ބުނެލިއެވެ.
“ކޮބާ ޖާދު” ޝަދަފު ހަނދާންކުރާ ކަހަލަ ގޮތަކަށް އަހާލިއެވެ. ގޭދޮށުގައި އޭނާ ދަންނަ ބަޔަކަށް އުޅެނީ އެދެޒުވާނުންނެވެ. ރައްޓެހިންކަމުގައި ދެކޭތީ ނުރަނގަޅު ޢަމަލެއް އެމީހުންގެ ފަރާތުން ފެންނާތީ އެކަން ހުއްޓުވަން ޝަދަފު ހުރީ ބޭނުންވެފައެވެ.
“އޭތް! މިހާރު ޖާދުއެއް ނޫނޭ ކިޔަނީ، މިހާރު އެއީ ޖޭޑް، އެގޮލާ ރޯގާޖެހިގެން އެބައޮތް ގޭގަ އަޅާފަ، ކޮބާ ކިހާ ދުވަހަކަށް ތިމާލެ ޖައްސާލީ” މުންސިރު ބުނެލިއެވެ.
“އަވަހަށް ދާކަށް ނުވިސްނަން، މަންމަމެން ވެސް މިކޮޅުގައެންނު މިހާރު އެއުޅެނީ، އެހެންވީމަ ފެމެލީ އާއި ދުރުގައުޅެން ވަރަށް އުނދަގޫވާނެ އެންނު ދޯ، ކޮބާ މުންސިރު ވަޒީފާއަކަށް ނުދަންތަ” ޝަދަފް އަހާލިއެވެ.
“ހެ ހެ ހެ… އަހަރުމެންނަށް ވަޒީފާ ދޭނެ ބަޔަކު ނުވެޔޭ، އެހެންނޫންނަމައެންނު އެކަހަލަ ކަމެއް ކުރާނީ ވެސް” މުންސިރު ގައިގާ އެއްވެސް ހަރުދަނާކަމެއްނެތްކަން ޝަދަފަށް ފާހަގަކުރެވުނެވެ. އަދި މުންސިރާއިއެކު އެތަނުގައި ދެންތިބި ޒުވާނުންނަށް ޝަދަފު ބަލާލިއެވެ. އެމީހުންގެ ހާލަކީ ވެސް އެއީއެވެ. ނަސީބަކުން އެމީހުންނަކީ މަސްތުވާތަކެތީގެ އަވައިގައިޖެހި، ވައްކަންކޮށް ފޭރޭ ބައެއްނޫނެވެ. އެމީހުންގެ ގަދަކަން ދައްކަނީ އެގޯޅިގަނޑުގައި ތިބެއެވެ. އެތަނުން އެކަކުގެވެސް ވަޒީފާއެއްނެތެވެ. ވަގުތު ބޭކާރުކުރުން ނޫންގޮތެއް ނެތެވެ. ޢާއިލާތަކުން އެމީހުންނަށް މާބޮޑު ސަމާލުކަމެއް ލިބޭހެނެއް ހިޔެއްނުވެއެވެ.
ހެނދުނުގެ ނާސްތާ ކުރުމާއިއެކު ތަރަފް އޮފީހަށް ދާންނުކުތެވެ. އޭނާގެ ފަހަތުން އަސްމަހާނު ވެސް ނުކުތެވެ. އެވަގުތު އެދެމަފިރިންގެ ލޮލުގައި އަޅައިގަތީ ގޯޅީތެރޭ ދޮރޯށިކައިރިއަށް ނުކުމެ ހުރި ޝަދަފެވެ. ތަރަފް އެއްވެސް އެއްޗެއް ނުބުނެ ހިނގައިގަތެވެ. ލޯމައްޗަށް ތަރަފް ގެއްލުމާއިއެކު އަސްމަހާނު ހަރުކަށި ގޮތަކަށް ޝަދަފަށް ގޮވާލުމާއިއެކު އެތެރެއަށް އައުމަށް ބުންޏެވެ.
“ބްރޯ އަދި ފެންނާނެ ދޯ، މާލެ އައީތީ އަހަރުމެންނަށް ޕީޒާ ދޭންވާނެ އެންނު، ކުރިން ފަހަރުވެސް އަންގާނުލާ ފުރައިގެން ނައްޓާލީ” ޝަދަފް ގޭތެރެއަށް ވަންނަން އުޅެން ފެށީމައި މުންސިރު ބުނެލިއެވެ. އެއާއިއެކު ޝަދަފް ހީނލާފައި ބޯޖަހާލީ އާނއެކޭ ބުނަމުންނެވެ.
“މަންމަ ނުބުނަންތަ ތިކުރަނީ މަންމަ ހިތްހަމަޖެހޭ ކަމެއްނޫނޭ” އަސްމަހާނު ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިކަން ޝަދަފަށް އެނގުނެވެ. އޭނާ އަސްމަހާނުގެ ހިތްހަމަޖައްސައިދިނުމަށް އެތަށް ވާހަކައެއް ދެއްކިއެވެ. ނިކަން އަވަހަށް ހަމައަކަށް އަޅުވާލިއެވެ. މަންމަ އާއިއެކު ކާމޭޒުދޮށަށް ދިޔައިރު އެތަނުގައި އީޝާ އާއި އޭނާގެ ފިރިމީހާ އިނެވެ.
“ޔޫޝައު ކޮއްކޮ އަދިވެސް ނިދާފަތަ” ޝަދަފް އަހާލިއެވެ.
“ރޭގައި ނިދީ ވަރަށް ލަހުން، އަދި ޚަބަރެއްނުވޭ” އަސްމަހާނު ބުނެލިއެވެ.
“އަންނާނަން އޭނާ ގޮވައިގެން، ހަފްތާއެއްކޮށްފައި އަނެއްކާ ފުރައިގެން ދާނެ، އެހެންވީމަ މިކޮޅުގައި ހުރިހާ ދުވަހަކު ފެމެލީ އާއިއެކު މެކްސިމަމް ޓައިމް ސްޕެންޑުކުރަން ޖެހޭނެ، އެހެންނޫނަސް މިއަދު އަޅުގަނޑުގެ ބައިވަރު ޕްލޭންތައް ވެސް އެބަހުރި” ޝަދަފު މިހެން ބުނުމާއިއެކު ހިނގައިގަތީ ސިޑިން މައްޗަށް އެރުމަށެވެ.
އޮފީހުގެ ސިޑިން އަރައިގެން އައިސް ޢިޒްވާމެން ތިބޭ ބައިގެ ދޮރުހުޅުވާލުމާއިއެކު އޭނާގެ މޭޒުދޮށުގައި އައިސް އިށީނެވެ. ސަމަރް އޮފީހަށް އައިގޮތަށް މޭޒުމަތީ އަތްދަބަސް ބާއްވާލުމާއިއެކު އައިސް ޢިޒްވާގެ ޕާޓިޝަންގައި އަތްއަޅުވާލިއެވެ.
“ގުޑްމޯނިންގ ޑިއަރ، ކޮންއިރަކުން ސައިބޯން ދާނީ” ސަމަރް އަހާލިއެވެ.
“ގުޑްމޯނިންގ، ސަމަރް، ކޮންމެ ދުވަހަކު ތިހެން ނޭހިއްޔާ ނުވަނީތަ” ޢިޒްވާ ގޮނޑީގައި ލެގިލަމުން ސަމަރުގެ މޫނަށް ބަލާލާފައި ބުންޏެވެ.
“އާދަވެފައޭ ހުންނަނީ، އެނގޭ އިޒޫ ސައިބޮއެގެންކަން އަންނަނީ، އެހެންވިޔަސް އަހަރެން ނުވޭ މިތާ އުޅޭ އެހެން މީހުންނާއިއެކު ސަޔަށް ދާހިތެއް، އިޒޫ ސައިނުބިޔަސް އަހަންނާއިއެކު ދެވިދާނެއެންނު” ސަމަރް ބުނެލިއެވެ.
“ހޫން! ދެން ރޯނެކަމެއްނެތް، ސަޔަށް ދާންވީމަ އާދޭ، މާހިދު ބުނި މިއަދު އޭނާ އާއިއެކު ސްޓޮކަށް ދާންވާނެއޭ، އޭނާ ގާތު ބުނެލާފައި ދެވޭނީ ވެސް” ޢިޒްވާ މިހެން ބުނުމާއިއެކު ސަމަރް ތުއިގޮތަކަށް ވައްތަރުޖައްސާލަމުން އޭނާގެ މޭޒުކައިރިއަށް ހިނގައިގަތެވެ.
* * * *
މެންދުރުގެ ވަގުތެވެ. ޒައުލް އާއި ޔޫޝައު ތިބީ ޝަދަފާއިއެކު އޭނާ ގަންނަން ބޭނުންވާ ފޯނު ބެލުމަށެވެ. ފިހާރައިގެ ބޮޑުސޭޓަކީ ޒައުލްގެ ރައްޓެއްސަކަށްވާތީ ބޮޑުއަގުގައި ވިއްކާލެވިދާނެކަން އެނގިހުރެ ވެސް ޑިސްކައުންޓާއިއެކު ފޯނުގެ އަގުކިޔެވެ.
“ކީއްކުރާ ދެފޯނެއް” ޒައުލް ސުވާލުއުފެދުނެވެ.
“ހަމައަހަންނަށް، އަހަންނަކީ ވަރަށް އަވަހަށް ފޯނު ހަލާކުކުރާ މީހެއް އެހެންވީމަ” ހީނލާފައި ޝަދަފު ވާހަކައިން ހަމަޖައްސާލަން އުޅުނެވެ. އެހިނދު އޭނާ ކަމެއް ސިއްރުކުރާހެން ޒައުލަށް ހީވިއެވެ.
“އެހެންވިޔަސް ދެވައްތަރުގެ ފޯނެއްތަ ގަންނަނީ، ރީތިކޮށްބުނެބަލަ… ކާކަށް ގިފްޓެއްދޭން ތިއުޅެނީ” ޒައުލް މިހެން ބުނުމާއިއެކު ޔޫޝައުގެ ސަމާލުކަން ވެސް ޝަދަފަށް ހުއްޓިއްޖެއެވެ.
“މައި ގޯޑް، ޑިފީ ހުރީ މާލެ ނާދެވިގެންދޯ، މިހާ އަވަހަށް ކުދިންކުދިންނަށް ގިފްޓުގަނެދެން ފެށީ” ޔޫޝައު ދިމާކޮށްލިއެވެ.
“ޔޫ ގައީޒް… މިކަމާ ނުވިސްނާ ދެންދާނެތަނަކާއިމެދު ވިސްނަބަލަ، ދޭގޮސް ކާރުގަ ތިބެން، އަހަރެން މިދަނީ ޕޭކޮށްލާފައި” ޝަދަފު މިހެން ބުނަމުން އެއްއަތުން ޒައުލްގެ ކޮނޑުގައި އަތްއަޅައި ކޮއްޕާލިއެވެ. އެހެންނަމަވެސް ޒައުލް އާއި ޔޫޝައު އެފިހާރައިން ނުކުތީ ޝަދަފާއިއެކުއެވެ.
ޒައުލްގެ ކާރަށް ދެބެން އެރުމާއިއެކު ޝަދަފް އޭނާގެ ޖިންސުގެ ޖީބުން އެޑްރެސް ކާޑެއްނެގިއެވެ. އަދި އެންމެ ފުރަތަމަކަމެއްގެ ގޮތުން ސިމްލައްވާލުމާއިއެކު އާފޯނުގައި ނަވާލުގެ ނަންބަރު ނޯޓުކުރިއެވެ. ޒައުލް އެމީހުން ގޮވައިގެން އައީ އޭނާގެ ހޮޓަލަށެވެ. އޭނާގެ އޮފީސް ޝަދަފަށް ދައްކާލުމާއިއެކު މަޝްވަރާކުރީ އޭނާ އާއިއެކު ޕާޓްނަރޝިޕް ހެދުމަށެވެ. އެހެންނަމަވެސް އެފަދަ ވިސްނުމަކަށް ދާން އަދި ޝަދަފް ބޭނުންނުވާކަމުގައި އޭނާ ބުންޏެވެ.
“ޑިފީ އަހަރެން ދިޔަޔަސް އެންމެ ރަނގަޅުތަ، އެގުޅީ ޝާފީ، އެމީހުންނާއިއެކު މިއަދު ރިސޯޓަކަށް ދާންކަމަށް މިއުޅެނީ، މިކަހަލަ ޗާންސެންނު ލިބޭނީ ރައްޓެހިންނާއިއެކު އުޅެލަން” ޒައުލްގެ ކެބިންއިން ބޭރުގައި ފޯނެއްގައި ހުރި ޔޫޝައު ފޯނުކޯލު ނިންމާލަމުން އައިސް ވަދެފައި ބުންޏެވެ.
“މަންމަ ގާތު ބުނެފައި ދާނީ، އެހެންނޫނީ މަންމަ ހީކޮށްގެން ހުންނާނީ ޔޫޝައު އުޅެނީ އަހަންނާއި އެކުގައިކަމަށް” ޝަދަފު މިހެން ބުނެލުމުން ޔޫޝައު ބޯޖަހާލިއެވެ.
“ޖަމާލު، ޔޫޝައު ގެންގޮސް ބޭނުންތަނަކަށް ލާދޭނެ” ޒައުލް މިހެން ބުނެލުމުން އެކަމާ ޝުކުރު އަދާކުރުމާއިއެކު ޔޫޝައު ހޮޓަލުން ނުކުންނަން ދިއުމަށް ހިނގައިގަތެވެ.
“ޒައުލް، މިހާރު ދެން ހަމަ ފެމެލީ މޭންއަކަށްވެ ނިމުނީ ދޯ” ޝަދަފު ހީނލާފައި އަހާލިއެވެ.
“އަދި ޝަދަފަށް ވެސް މިދުވަސް އަންނާނެ، ރަނގަޅު އަންހެން ކުއްޖަކާ ދިމާނުވެގެން ތިއުޅެނީ، ލޯބިވީމަ އެނގޭނެ އެޖަޒުބާތުތަކާއި ދުރަށް ދިއުމަކީ ފަސޭހަކަމެއްނޫންކަން، އެތައްއަހަރަކަށްފަހު ވެސް ހިތުގައި އެއިޙްސާސްތައް ފޮރުވިފައި ހުންނާނެކަން… ދެން ބުނެބަލަ، ކާކައްތަ ފޯނު ތިހޯދީ، އަހަންނަށް އެނގޭ ޝަދަފު ބޭނުންކުރާކަށް ނޫންކަން ދެފޯނު ތިހޯދީ، އަނެއްކާ އަންހެން ފޯނެއް ދެންގަން ފޯނަކީ، ރަސަލް އަންކަލްގެ ޕްރިންސަސްއަށްތަ” ޒައުލް މިހެން ބުނުމުން ޝަދަފު ތަންކޮޅެއް ބާރަށް ހީނލިއެވެ.
“ކުއްޖަކު އަހަރެންދެކެ ވަރަށް ރުޅި އައިސްގެން އުޅޭތީ އެހެންވެ، ކޮންމެހެން ހަދިޔާއެއްގެ ގޮތުގައި ދޭކަށްނޫން، ލިބުނު ގެއްލުން ފޫއްބަދަ ދެވޭތޯ، އަހަންނަކީ އޭނާ ހީކުރާކަހަލަ މީހެއްނޫންކަން އަންގައިދޭންވެގެން” އިރުކޮޅަކު ހިމޭންވެލުމަށްފަހު ޝަދަފު މިހެން ބުނެލީ ޒައުލް އާއި ނަޒަރު ވަކިކޮށްލައިގެން އިނދެއެވެ.
“ގެއްލުމޭ، އަނެއްކާ ކީއްކޮށްގެން ތިއުޅެނީ…. ޅައެއްޗެއް ނާޅައްޗޭ” ޒައުލްގެ މޫނުމަތިން ސީރިއަސްކަން ފެނިގެން ދިޔައެވެ.
“މާބޮޑުކަމެއްނުވެޔޭ، އަހަރެންގެ އަތުން ކުއްޖެއްގެ ފޯނު ހަލާކުވީ، އެހެންވެ އޭގެ ބަދަލު ދޭންވެގެން، ޒައުލް ތިހީކުރީ ކިހިނެއް، ޔަޤީނޭ ކޮންމެވެސް އެހެންއެއްޗެއްކަން ތިސިކުނޑިއަށް އެރީ، ނޫންތަ” ޝަދަފް މިހެން ބުނެ ޒައުލްއަށް ބަލާލިއެވެ.
އަމިއްލަ ދިރިއުޅުމުގައި ކުރިމަތިލާން ޖެހުނުފަދަ ހިތްދަތިކަމެއް ގާތްރަޙުމަތްތެރިއަކަށް ދިމާނުވުމީ ޒައުލް އަބަދުވެސް ބޭނުންވާގޮތެވެ. ވިސްނުމެއްނެތި ޝަދަފްކަމެއްކޮށްފާނެތީ ޒައުލް ކަންބޮޑުވީއެވެ.
“ހަތަރުދަމު ދެން ގޭގަތަ އޮންނަނީ، މިކޮޅުން ކެބިންނަކާއި އެއްޗެހި ޑިފީއަށް ތައްޔާރުކޮށްދީފާނަން، ނުކުންނަންވީނު އަހަންނަށް އެހީތެރިވެލަދޭން” ޒައުލް އަނެއްކާ ވެސް އުޅުނީ ޝަދަފު އޭނާގެ ވިޔަފާރީގައި ބައިވެރިކުރެވޭތޯއެވެ.
“ޒައުލް، ސީރިއަސްލީ… އަހަރެން އަދި އެއްވެސް ވަރަކަށް މަސައްކަތެއް ކުރާކަށް ނުވިސްނަން، އަދި އިހަށް ބޭނުންވަނީ ކުޑަކޮށް މިކޮޅުގެ ކަންތައްތައް ދަސްކޮށްލަން، މިކޮޅުގެ މާކެޓާއި، މިކޮޅުގައި ހުރި އޮފާތައް ބަލާލަން، ޕްރޮފިޓަބަލް ދާއިރާތަކަކީ ކޮބާކަން ބަލަންވާނެ އެންނު، އެހެންނޫނަސް އަހަރެން މިއައީ އިކޮނޮމިކްސާއި ފައިނޭންސްގެ ރޮގުން ކިޔަވައިގެން، އެހެންވީމަ މިކޮޅުގެ ހާލަތު ހުރިނެތްގޮތް ބަލާލުން ވަރަށް މުހިންމު، ބައްޕަ ވެސް އެދިލައްވާފައިވަނީ ކިޔަވައިގެން އައިސް ބައްޕައަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް، އެހެންވީމަ އަދި އަމުދުން ޒައުލްގެ ތިއޮފާ ޤަބޫލުކުރާނީ ކިހިނެއް، ބަޓް ތޭންސްކް އަލޮޓް…” ޝަދަފު މިހެން ބުނެ ފޯނާ ކުޅެން ފެށިއެވެ. އޭނާ ފޯނުން ނަވާލުގެ ނަންބަރަށް މެސެޖުގެ ގޮތުގައި އަންގާލީ އޭނާގެ އާނަންބަރެވެ.
“އިޓްސް ފައިން، އެކަމަކު މިއަދު އަހަންނާއިއެކު ގެއަށް ދާންވާނެ” ޒައުލް ބުނެލިއެވެ.
“އަހަންނަކަށް ނުކެރޭނެ، އަސްލު އަހަރެން ވަރަށް ބިރުގަނޭ ޒައުލް މާމަދެކެ، ތިގެއަށް ގޮސްފިއްޔާ އިންނަންޖެހެނީ ގުޑިލަންވެސް ނުކެރިފައި، ކީއްވެތަ މާމަ ޕާޓީއިން ނުފެނުނީ” ޝަދަފު ފޯނުން ނަޒަރު ވަކިކޮށްލުމާއިއެކު އޭނާގެ ކުރީގެ ހަނދާންތަކަށް ބުރަވެއިނދެ ބުނެލިއެވެ.
“މިހާރު އެއީ ކުރީގެ މާމައެއްނޫން، ޝަދަފަށް ނޭނގި އެތަށް ކަމެއް ގޭތެރޭގައި ހިނގައިފި، އަހަރެންގެ މަންމަ އާއި ބައްދަލު ކުރަންދާންވާނެ އެންނު، އަހަރެންގެ ބްރަދަރ އެއްވެސް އެބަހުރި” ޒައުލް ހިނިއައިސް އޭނާގެ ބޮޑު އެގްޒެކެޓިވް ގޮނޑީގައި އިނދެ ބުނެލިއެވެ.
“ވަޓް… ކޮންއިރަކު މަންސޫރު އަންކަލް މެރީކުރެއްވީ، ދޮން ތިވާހަކައެއް ކިޔައެއްނުދޭ” ޒައުލްގެ ޢާއިލާގެ ޚަބަރުތައް ޝަދަފަށް އެނގިފައިވާލެއް ކުޑަކަން އެނގިގެން ދިޔައެވެ. ޝަދަފް ހައިރާންވީ އެހެންވެއެވެ.
“ބައްޕަ މެރީއެއްނުކުރައްވާ، އެކަމަކު ކުރިން ނޭނގޭކަމެއްވަނީ އެނގިފައި، މާމަ ވެސް ބަދަލުވީ އެކަމާ… ވީގޮތަކީ…” ޒައުލް އޭނާގެ ޢާއިލާގެ ވާހަކަތައް ޝަދަފަށް ކިޔައިދިނެވެ. ޝަދަފު އަޑުއަހަން އިނީ ވަރަށް ޝައުގުވެރިކަމާއިއެކުއެވެ.
“އޯ މައި ގޯޑް، ވަރަށް ރޮމޭންޓިކް ލަވް ސްޓޯރީއެއް… ރިއަލްވީމަ އަދި ވަކިން އަސަރުގަދަހެން ހީވަނީ، ޒައުލް ވަރަށް ނަސީބު ރަނގަޅު، ޔޫހާ ކަހަލަ އަންހެން ކުއްޖަކީ ހަމަތިބުނާހެން ޖަވާހިރެއް” ޝަދަފު ހެވިފައި އިނދެ ބުނެލިއެވެ.
* * * *
“އަދިވެސް ހެވިފައި އިންނަނީތަ، ޔޫލީ އެދިޔައީ އަހަރެންގެ އަތަށް މިފޮތިކޮތަޅު ދީފައި، ހަފްތާއެއްގެ ތެރޭގައި ފަހާދޭނަމޭ ވެސް ބުނެވިއްޖެ” ތުންފަތުގެ އެއްފަރާތުގައި ދަތްއަޅާލަމުން ޢިޒްވާ ބުންޏެވެ. ކަންބޮޑުވެފައި އިންފަދަ ގޮތަކަށެވެ.
“ރަނގަޅެންނު، ތިއޮތީ ޑިޒައިން، ހަވީރު ޔޫލީ ގޮވައިގެން އިޒޫ މެންގެއަށް އަހަރެން ދާނަން މިންނަގަން، އޭނާއަށް ތިގެއެއް ނޭނގެޔޯ، އަހަރެން ވެސް ހަވީރު ކުރާނެކަމެއް ނޯންނާނެ އެހެންވީމަ ފޫހި ފިލުވާލަން ދާނީ ތިގެއަށް” އިޒްވާގެ މޭޒުމަތީ ކުޑަކޮށް އިށީނދެލައިގެން އިނދެ ބުނެލިއެވެ. އޭރު މޭޒުމަތީ އޮތް ފަންސޫރެއް ނަގައިގެން އިނދެ ފަންސޫރުޖަހާ ބޮޑުދައްޗަށް އެލައްވައިގެން އިނދެ އަނބުރަމުން ދިޔައެވެ.
“ތި ފަންސޫރު ޖަހަޖަހާ ހުސްކުރަންވީކީ ނޫނޭ، އަހަރެން ހާސްވެފައި އިންވަރު ސަމަރްއަކަށް ނުފެނޭތަ” ޢިޒްވާ، ސަމަރްގެ އަތުން ފަންސޫރުޖަހާދަތި ދަމައިގަންނަމުން ބުންޏެވެ. އަދި އެއަށް ޖަހާފައި އޮތް ފަންސޫރު ދަތިން ނައްޓާލިއެވެ.
“ހެ ހެ ހެ ހެ…. އިޒޫ ކިތަންމެ ކުޑަކުޑަ ކަމެއްވިޔަސް ހުންނާނީ ހާސްވެފައި، ސްޓްރެސް ރިލީޒިންގ ޔޯގާ ކުލާހަކަށް ގެންދަންވެފައި ތިއިނީ” ސަމަރް ސަމާސާ ގޮތަކަށް ބުންޏެވެ.
“ހޫން! ދެން މިތަނުން ދާންއުޅޭ، މިއަދު ކުރާނޭ މަސައްކަތެއް ވެސް ނެތްދުވަހަކީތަ” ޢިޒްވާ އޭނާގެ މޫނާއިއެކު ގޮނޑި ވެސް އަނބުރާލަމުން ކޮމްޕިއުޓަރގެ ސްކްރީނަށް ނަޒަރު ހުއްޓާލިއެވެ.
“ޕްރިންސަސް، ރުޅިއައީތަ…. އެހެން ބުނިއެއްޗެއް ނޫނޭ އެއީ، ކުރިންވެސް ބުނީމެންނު ހާސްނުވާށޭ، ޓްރައިކޮށްލަނިކޮށް އިޒޫއަށް ތިކަން ވެދާނެއޭ، ޔޫ އަރ ވެރީ ޓެލެންޓެޑް” ސަމަރް ބޯއަރިކޮށްލަމުން ޢިޒްވާގެ ކޮނޑުގައި އެއްއަތުން ހިފާއްޓާލައިފައި ބުންޏެވެ.
އޮފީސް ނިންމާފައި ޢިޒްވާ ގެއަށް އައީ އެކަންޏެވެ. ހަވީރުގެ ވަގުތުގައި ގޭދޮށުގައި އޮންނަ ގުރޫޕެއް ނޯވެއެވެ. އެހެންވެ ހިތްހަމަޖެހިލައިގެން އައިސް ގެއަށް ވަދެވެއެވެ. އެހެންނަމަވެސް އޭނާއަށް ބަލަމުން އަންނަ ޝަދަފު އޭނާގެ ފަހަތުން އެގޯޅިއަށް ވަދެގެން އަންނަކަމެއް ނޭނގެއެވެ. އެތަށް ފަހަރަކު ޢިޒްވާއަށް ގޮވާލަން ޝަދަފް ބޭނުންވިއެވެ. އެހެންނަމަވެސް އަނގަޔަށް ވައްތަރެއްޖައްސާލަމުން ދެތުންފަތްޖައްސާ ބާރުކޮށްލައެވެ. އަދި ނިތްކުރިމައްޗަށް ފައިބާފައި ހުރި އިސްތަށިތައް ރަނގަޅުކޮށްލާފަދަ ގޮތަކަށް ބޮލުގައި އަތްހާކާލައެވެ. އޭގެ އިތުރުން އަތުގައި އޮތް ކޮތަޅަށް ބަލާލައެވެ. އަނގައިން ބުނަން އެވަރަށް ޖެހިލުންވަނީ ޢިޒްވާ ހެނދުނު ބުނިއެއްޗެއް ޝަދަފުގެ ހަނދާނުގައި ހަރުލާފައި ހުރުމުންނެވެ. ދެން އޭނާގެ ބޮލުގައި އެޅޭނީ ކޮންބަދުނާމެއްކަމެއް ނޭނގެއެވެ.
“ޝިޓް…” ޗޮކެއް ކަނޑާލަމުން ޝަދަފު މިހެން ބުނެލީ ޢިޒްވާ އޭނާގެ އެޕާޓްމެންޓު ހުރި އިމާރާތުގެތެރެއަށް ވަދެގެން ދިއުމުންނެވެ. އިތުރަށް މަޑުކުރުމެއްނެތި ހަލުވިކަމާއިއެކު ޝަދަފު ވެސް އައިސް އޭނާގެ ގޭގެ ދޮރޯށީގެ އެއްފަރާތުގައި ހަރުކޮށްފައި
ހުރި ފިތަށް އޮބާލައިފިއެވެ. އެއާއިއެކު ޝެލިން އައިސް ދޮރު ހުޅުވާލަދިނުމުން އަނގައިން ބަހެއް ވެސް ބުނެނުލާ ހަލުވިކޮށް ސިޑި އާއި ދިމާލަށް ދިޔައެވެ.
އިރުއޮއްސުނު ވަގުތު ޝަދަފު ކޮޓަރީގައި ހުރެ ސިއްރުން ބަލަމުން ދިޔައީ އޭނާގެ ބެލްކަންޏާއި ދިމާލަށް ހުރި ބެލްކަނީގެ ދެފަރާތަށް ހުޅުވޭ ދޮރުގެ އެއްފަރާތް ހުޅުވާލާފައި ހުރުމުން އެދިމާލަށެވެ. އޭރު އޭނާއަށް ޢިޒްވާ ފެންނަމުން ދިޔައެވެ. ޢިޒްވާގެ ނަން ހަނދާންކުރަން އުޅެއުޅެ އެއްގޮތަކަށް ވެސް ޝަދަފުގެ ސިކުނޑިއަށް ނައެވެ. އެތަށްފަހަރަކު ފިލްމެއް ރިވައިންޑު ކުރާ އުސޫލުން ރޭގައި އޭނާގެ ގައިގާ އެއަންހެން ކުއްޖާ ޖެހުމުން އޭނާއާއިއެކު ދެން ހުރި އަންހެން ކުއްޖާ ބުނިއެއްޗެއް ހަނދާންކުރުމުގެ ގޮތުން އެމަންޒަރު ސިކުނޑިތެރޭ އެތަށްފަހަރަކު ސިފަކުރެވިއްޖެއެވެ. އެކަމަކު ނަތީޖާ ހަމަ ސުމެކެވެ. ފަރުދާތަކުގެ ތެރެއިން ޝަދަފު ބަލަމުން ދިޔައެވެ. ހަނިދޭތެރެއަކުން ފެންނަފަދަ ގޮތަކަށް ޢިޒްވާ ފެންނަމުންދިޔައެވެ. އެގޭތެރޭގައި ރޭގައި ޝަދަފަށް ދެންފެނުނު އަންހެން ކުއްޖާ އުޅޭތަން ފެނުނެވެ. ބެލްކަންޏަށް ނުކުމެ މާގަސްތައް ކައިރިއަށް ގުދުވެގެން އޭނާ އޮތްތަން ވެސް ޝަދަފަށް ފެނުނެވެ.
“ވަޓްސް ރޯންގް ވިތް މީ، ވަގަށް ބަލަނީ ކީއްކުރަންތަ، ސްފައި ކުރުމަށްވުރެ މިތަނަށް ނުކުމެ ހުރިއްޔާ މާރަނގަޅެންނު، މިއީ އަހަރެންގެ ގެ، އަހަރެންގެ ބެލްކަނި، ކީއްކުރަންތަ މިހާ ކައިރީގައި އިމާރާތްތައް ހަދާފައި ބަހައްޓަންވީ، ކޮންމެހެން އޭނާގެ ޕްރައިވެސީ ގެއްލިދާނެއޭ ހިތަށް އަރާފައި ބެލްކަންޏަށް ނުނިކުމެ ހުރުމުގެ ބޭނުމެއްނެތް… ފަހަރެއްގައި ގިނައިން ފެންނަނިކޮށް ވެސް ވާހަކަދައްކަ ފާނެ… ޔާ… އިޓްސް އަ ގުޑް އައިޑިއާ” ޝަދަފު އޭނާގެ ޟަމީރާ ވާހަކަދެއްކިއެވެ. ބޮޑާވެލާފައި މޭފުއްޕާލަމުން ފުންނޭވާއެއް ބޭރުކޮށްލިއެވެ. އަދި މަޑުހިނގުމެއްގައި ވަށައިގެން ހޯދަމުން ކަހަލަ ގޮތަކަށް ބެލްކަންޏަށް ނުކުތެވެ. އެއާއިއެކު ޖެހިގެން ހުރި ބެލްކަނީގައި މާގަސްތައް ކައިރިއަށް ގުދުވެ އޮތް ސަމަރް އެދިމާ ބަލާލީ މީހެއްގެ ހިލަމެއްވެގެންނެވެ.
“އޯ މައި…” ސިހިފައި ދެލޯބޮޑުކޮށްލެވުނު ސަމަރްއަށް މަޑުމަޑުން މިހެންބުނެލެވުމާއިއެކު ހިންދެމިލިއެވެ. ހަމަ އެހިނދު އޭނާއަށް ފެންނަން ހުރި ޒުވާނާއަށް ހިނިތުންވެލިއެވެ. އަދި ތުއިގޮތަކަށް ދުވެލާފައި އެތެރެއަށް ވަދެގެން ދިޔައެވެ.
“އިޒޫ، ނުވެސް ބުނަމެންނު މިގޭ ބެލްކަނީގެ ވިއު ސަޅިވި ވާހަކަ، ހާދަ ރީއްޗޭ… މީގެ ކުރިން ނުފެންނަ މަންޒަރެއް މީ” ސަމަރް އައިގޮތަށް އައިސް ޢިޒްވާގެ އަތުގައި ހިފާދަމައިގަންނަމުން އެއްފަރާތަކަށް ޖެހިލާފައި ސިއްރުން ކަހަލަ ގޮތަކަށް ބުނެލިއެވެ. ފަރްޝާ ފެންނަ ހިސާބުގައި އިނީތީ ބާރަށް އެއްޗެއް ބުނަން ސަމަރްއަށް ނުކުރުނީއެވެ.
“ވިއުއޭ… ކީކޭ ތިކިޔަނީ” ޢިޒްވާ އާދައިގެ ގޮތަކަށް މިހެން ބުނެލުމާއިއެކު ސަމަރް އަނެއްކާ ވެސް ލޯބޮޑުކޮށްލަމުން ތުންފަތުގައި އިނގިޖައްސާލީ އަޑުމަޑުކުރާށޭ ބުނާފަދަ ގޮތަކަށެވެ.
“އާދެބަލަ އެއްޗެއް ދައްކާނަން” ސަމަރް މިހެންބުނެ ޢިޒްވާ ގޮވައިގެން ބެލްކަނި ފެންނަ ހިސާބަށް އައެވެ. އެއާއިއެކު ބެލްކަނީގެ ހިލައިގެ ރެއިލިންގައި އަތްއަޅުވާލައިގެން ކުޑަކޮށްގުދުވެ އޮތް ޒުވާނާ ސަމަރް ދައްކާލުމުގެ ކުރިން ޢިޒްވާގެ ލޮލުގައި އަޅައިގަތެވެ. އަދި ވަގުތުން ސަމަރް ބުނަން އުޅޭ އެއްޗެއް އެނގުނެވެ.
“ނޭނގެ ކާކުކަމެއް، ރޭސުރެން ފެންނަ މީހެއް، ހީވަނީ އެގެއަށް ދުވަސްކޮޅަކަށް އައިސްގެން އުޅޭ މެހެމާނެއްހެން، އެނގެއެންނު އެއީ ކޮންގެއެއްކަން” ޢިޒްވާ ނިތްއަރުވާލާފައި އެނބުރި އައިކޮޅަށް ހިނގައިގަތެވެ.
ޝަދަފް ނޭނގޭ ކަމަށް ހަދާފައި އެދެއަންހެން ކުދިން އުޅޭގޮތް ސިއްރުން ބަލަން އިރުކޮޅު ހުއްޓެވެ. އެތަނުން ދާންޖެހުނީ އީޝާގެ ފިރިމީހާ ލީވާން އައިސްގެންނެވެ.
“ޑިފީ، ހެނދުނުންސުރެން ތިއުޅެނީ ބޭރުގައި، އައި ގޮޓް ޔޯ ގިފްޓު” ލީވާން އައިސް ބެލްކަނީގައި ހުއްޓިލަމުން ބުންޏެވެ. ވަގުތުން ޝަދަފަށް ބަދަލުތަކެއް އައެވެ. އޭނާ ލީވާންގެ ކޮނޑުގައި އަތްޖައްސާލައިގެން ހުރެ ކޮޓަރިތެރެއަށް ވަދެ ބެލްކަނީގެ ދޮރުފަތްތައް ލައްޕާލާފައި ދޮރުފޮތިތައް ދަމާލައިފިއެވެ.
“ކިހިނެއްވީ” ލީވާނަށް ވެސް ޝަދަފަށް ކަމެއްވެއްޖެހެން ހީވެ އަހާލެވުނެވެ.
“ތިރިއަށް ދާން މިދަނީ، ދަމުން ހުރިހާ ތަނެއް ލައްޕަންވާނެ އެންނު، މިހާ ކައިރިކައިރީގައި އިމާރާތްތައް ހުންނައިރު ހުޅުވާފައި ދާކަށް ނުވާނެއެންނު، މަންމަ ވެސް ވަނީ އެކަމަށް އެދިލައްވާފައި… ކޯއްޗެއްތަ ދޭން ތިއުޅެނީ” ޝަދަފު، ލީވާން އެކޮޓަރިއަށް އައި ބޭނުން އެނގުނީތީ އިތުރު ވާހަކަތައް ދެއްކުމުގައި ވަގުތު ބޭކާރުކޮށްލުމުގެ ބަދަލުގައި އައިކަންތަކާއި ގުޅިގެން ސުވާލު ކުރިއެވެ.
“ހިނގާ، ދަމުންވެސް މިވާހަކަދެއްކިދާނެ” ލީވާން ހިނިއައިސްފައި ހުރެ ބުނެލިއެވެ.
“ހޫން! ދެންބުނެބަލަ” ޝަދަފާއިއެކު ލީވާން އެކޮޓަރިން ނުކުމެ ހިނގައިގަތުމާއިއެކު ބުނެލިއެވެ.
“މިއޮތީ ޑްރައިވިންގ ލައިސަންސްގެ ޕޭޕަރސްތައް ، ދިސް އިޒް ޔޯ ކީ… އިޓްސް މައި ގިފްޓު، ހައިކަލް އަންކަލް ގާތު އެދިގެން ޝަދަފް އަންނަންވާއިރަށް ކާރު މާލެ ގެނައީ، ޑްރައިވިންގގެ ހުރިހާ ކަމެއްގައި އެހީވާނެ ހައިކަލް އަންކަލްމެންގެ ޓްރެއިނިންގ ޑިޕާޓްމެންޓުން، އެކަމަކު އަހަރެން އޮންނާނީ އެދިފައި، ޑިފީގެ ލައިސަންސް ނަގާދޭނީ އަހަންނޭ، ހުރިހާ ޓެސްޓު ޑްރައިވްތަކުގައި ދާނީ އަހަންނާއިއެކު” ލީވާން، ޝަދަފަށްޓަކައި ކޮށްދެވޭ ކަންތަކާއިމެދު ވަރަށް ހިތްހަމަޖެހިފައި ހުރިކަހަލައެވެ.
“ދެޓްސް ރިއަލީ ކޫލް، ކާރު ބަލާލަން ބޭނުން” ޝަދަފު ގަޔާވެލާފައި އަހާލިއެވެ.
“މިހާރު ދެވެން އޮތީ ކާރުގެ ކީ، ކާރު އޮތީ ގަރާޖުގައި، އައި މީން، ގޭގެ ގަރާޖުގައެއްނޫން، ހައިކަލް އަންކަލްމެންގެ ވެހިކަލް ގަރާޖުގައި، ހުރިހާ ބައެއް އެސެމްބަލްކޮށް ނިމިފައި އޮތީ، ކުދިކުދި އަޕްގްރޭޑް ތަކާއިއެކު މިކޮޅުގައި ފަސޭހަކަމާއިއެކު ދުއްވާލެވޭނެ ކަމަށް ބުނީ، އައި ނޯ ޔޫ ވިލް ލަވް ހަރ” ހުރިހާ ވައްތަރެއްގެ އިންޖީނު އެއްޗެހި ރޫޅާލައި އޭތި ހެދުމުގެ ޝައުގުވެރިކަން ހުންނަ ލީވާން އުފަލުން ހީވަނީ ޝަދަފުގެ ގައިގާ އޮޅުލައިގަނެފާނެ ހެންނެވެ.
ލީވާންގެ ގާތުން ސަލާމަތްވުމާއިއެކު ގޭތެރޭގައި ޝަދަފު ފޫހިވާގޮތްވިއެވެ. ބަދިގެއަށްވަދެ އައިސް އަލަމާރިން އާފަލެއް ނަގައިގެން އައިސް ބޮޑުކޮޓަރީގެ ސޯފާގައި އިށީނދެ ޓީވީ ހުޅުވާލިއެވެ. ކަމުދާ އެއްވެސް ޗެނަލެއް ޓީވީ އަކުން ނުފެނުނެވެ. އާފަލުގައި ދަތްޖަހާލާފައި ބައެއް ނައްޓާލުމާއިއެކު އުނގުގައި އާފަލު ބާއްވާލިއެވެ. އަދި ފޯނު ނަގާ ނަވާލަށް ގުޅިއެވެ.
“ކޮފީ އަވަސް ކޮށްލެވޭކަށް ނެތްތޯ ބަލާލަން މިގުޅާލީ، ބޯޑަމް އިޒް ޓްރައިންގ ޓު އީޓް މީ އަލައިވް” ފޫހިވެފައިވާ ރާގެއްގައި ޝަދަފު ބުނެލިއެވެ.
“ހަމަ އެހާ ފޫހިވީތަ” ނަވާލު ހީނލާފައި ބުނެލިއެވެ.
“އެހެންނޫންނަމަ ދާންބުނެފައިވާ ގަޑިއަށްވުރެ މާކުރިން ނުގުޅީހެންނު” ޝަދަފު ވެސް ހިނިތުންވެލަމުން ބުނެލިއެވެ.
“ގިވް މީ ފިފްޓީން މިނެޓްސް، މިހާރު މިހިރީ ކަމެއްގައި އެހެންވެ، އަހަރެން ތިގޭ ދޮށަށް ގޮސްފައި ގުޅާނަން” ނަވާލު މިހެން ބުނެލުމާއިއެކު ޝަދަފުގެ ޖަވާބު އަޑުއިވިފައި ފޯނު ކޯލު ކަނޑާލިއެވެ.
ދުވަސް ނިމިގެން ދިޔައިރު ޝަދަފު ގޭގައި އުޅުނު ވަގުތަށްވުރެ ބޭރުގައި އުޅުނު ވަގުތު ގިނައެވެ. ޒައުލް އާއިއެކު ނޫނީ ނަވާލާއިއެކު އޭނާގެ ގިނަ ވަގުތުތަކެއް ހޭދަކުރިއެވެ. ރޭގަނޑުގެ ކެއުމުގައި ނަވާލުގެ އެދުމުގެ މަތިން ޝަދަފު އެޢާއިލާ އާއިއެކު ބައިވެރިވިއެވެ. ގެއަށް އާދެވުމާއިއެކު އަސްމަހާނު އެންމެ ފުރަތަމަ ވެސް ޝަދަފާއި ސުވާލުކުރީ އޭނާ އެހުރިހާއިރު އުޅުނު ތަނަކާއި ބެހޭގޮތުންނެވެ. ކޮފީއަކަށޭ ކިޔާފައި ޝަދަފު ދިޔަގޮތަށް ޚަބަރެއްނުވީތީ އެކަމާ އަސްމަހާނު ހުރީ ކަންބޮޑުވެފައިކަން އޭނާގެ އަޑުން އެނގެއެވެ.
“ގޯޅިގަނޑު ތެރޭގައި އުޅޭ ކުދިންނާ ޝަދަފު އެއްގޮތަކަށް ވެސް ވާހަކަދައްކައިގެން ނުވާނެ، އެއީ ރަނގަޅު ކުދިބައެއްނޫން، އެހެންނޫނަސް އަހަރުމެން ރަޙުމަތްތެރިންނަށް ހިޔާރުކުރަން ޖެހޭނީ ކިހާފެންވަރެއްގެ ކޮންބަޔަކާއިކަން ޝަދަފަށް ބުނެދޭންޖެހޭނެއޭ މަންމަގެ ހިތެއް ނުބުނޭ، ބައްޕައަށް ޝަދަފު އެފަދަ ކުދިންނާއި ގުޅިއްޖެކަން އެނގިލައްވައިފިނަމަ ހިތްހަމަނުޖެހިލައްވާނެވަރު އެނގޭނެ…. އެހާ ޅައުމުރުގައި ބޭރަށް ފޮނުވާލަން ޖެހުނީ ވެސް އެހެންވެ، އަހަރުމެންނަކަށް މިހިސާބުގައި އުޅޭ މީހުންނެއް ބަދަލެއްނުކުރެވޭނެ، އެކަމަކު އަހަރުމެންގެ ދަރިން އެމީހުންގެ ދަރިންނާއި ގުޅުނަނުދީ ބެލެހެއްޓުމަކީ އަހަރުމެންގެ ޒިންމާއެއް” އަސްމަހާނު މެޔާއިދިމާލުން ދެއަތް ހުރަސްކޮށްލައިގެން ހުރެ އޭނާގެ ހަލުވި ދޫ ހަރަކާތްކުރަމުން ދިޔައިރު އޭނާގެ ދެބުމަވަނީ ކައިރިކޮށްލެވިއެވެ.
“ޕްލީޒް މަންމާ، މިހާރު އަޅުގަނޑަކީ ކަންތައްތައް ނޭނގޭވަރުގެ ކުޑަކުއްޖެއްނޫނޭ، ޕްލީޒް، އަޅުގަނޑަށް ލެކްޗަރއެއް ނުދެއްވިޔަސް މަންމަ ތިހުންނެވީ ވަރަށް ކަންބޮޑުވެލައްވާފައިކަން އަޅުގަނޑަށް އެނގޭ، އައި އެމް ސޮރީ… ދެން ހެނެއްނުވާނެ، އަޅުގަނޑު ވިޔާނުދާ ކުދިންނާ ގުޅޭކަށް މަސައްކަތެއްނުކުރަން، ނަވާ އާއިއެކު އަޅުގަނޑު އެގޭގައި ހުރީ، އެއީ އަޅުގަނޑުގެ ނިއު ފްރެންޑް، ރޭގަ ޕާޓީއިން ދިމާވީ، ބައްޕައަށް އެނގިލައްވާނެ ނަވާމެންގެ ފެމެލީ، ބިޒްނަސް ޓައިކޫންގެ ތެރޭގައި އުޅުއްވާ އެކަކު އަސްލަމް އަންކަލްއަކީ، ދެން އަޅުގަނޑު އުޅުނީ ޒައުލް އާއިއެކު، އެއީ ކާކުކަން މަންމައަށް އޮޅިލައްވާފައެއް ނޯންނާނެ… ސޯ ޕްލީޒް މަންމާ، ކަންކަން އެހާ ބޮޑުކޮށްނުލައްވަބަލަ” ޝަދަފް އެންމެ ފަހު ޖުމްލަ ބުނެލަމުން އައިސް އޭނާގެ ކޮޓަރީގައި، އޭނާގެ ކުރިމަތީ ހުރި މަންމަގެ ކޮނޑުގައި ދެއަތުން ހިފާލި ގޮތުން ހީވީ ޝަދަފަށް އިތުބާރުކުރާށޭ އަސްމަހާނު ގާތު ހަރަކާތުން ބުނެލިހެންނެވެ.
“އެޓްލީސްޓު މަންމައަށް ނަންބަރު ދީފައި ދިޔަނަމަ، އޭރުން ގުޅާލެވުނީހެންނު” މިފަހަރު އަސްމަހާނު ވާހަކަދެއްކީ މަޑުމައިތިރިކަމާއިއެކު އެވެ.
“އޯކޭ، މަންމަގެ ފޯނު އަޅުގަނޑަށް ދެއްވާ، އޭރުން ނަންބަރު އޭގައި ސޭވްކޮށްލަ ދޭނަން” ޝަދަފު މިހެންބުނެ ދިއްކޮށްލި އަތަށް އަސްމަހާނުގެ އަތުގައި އޮތް ފޯނު ލާދިނެވެ. އެއާއިއެކު ވަގުތުން ޝަދަފު އޭނާގެ އައު ނަންބަރު އަސްމަހާނުގެ ފޯނުގައި ލިޔެ ރައްކާކޮށްދިނެވެ.
“އައިސް މިލްކުތަށްޓެއް ނިދުމުގެ ކުރިން ބޯލަން ބޭނުންތަ” އިތުރަށް އަސްމަހާނު ދައްކާނެ ވާހަކައެއް ނެތިގެން ބުނެލިއެވެ.
“މޯރާއަތަށް ދީފައި ފޮނުވާލަދީ، މަންމަ އެބުރައުފުއްލަވާނެކަމެއްނެތް” ޝަދަފު ހިނިތުންވެލަމުން ބުނެލިއެވެ. އަސްމަހާނު ބޯޖަހާލާފައި އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ.
އަސްމަހާނު ނުކުމެ އޭނާގެ ފަހަތުން ކޮޓަރީގެ ދޮރުފަތްލައްޕާލިތަން ފެނުމުން ޝަދަފު ހަށިފުރާ ނޭވާއެއްލިއެވެ. ވަށައިގެންވެރިވެފައިވި ނުތަނަވަސްކަން ފިލުވާލަން ލީ ނޭވާއެއްކަހަލައެވެ. އިސްތަށިގަނޑުގައި އަތްފުނާ އަޅާލުމާއިއެކު ކޮޓަރިތެރެއަށް ބަލާލިއެވެ. އަދި ހެނދުން އަޅުވަން ޚާއްޞަކޮށްފައި ހުރި ދިގު ދަނޑީގައި އަޅުވާލާފައި ހުރި އޭނާގެ ސޯޓު ނަގާ ކައިރީގައި ހުރި ސޯފާގޮނޑިއަށް އެއްލަމުން ލައިގެން ހުރި ޓީޝާޓާއި ޖިންސު ބޭލިއެވެ. އެއާއިއެކު ސޯފާމައްޗަށް އެއްލި ސޯޓު ލައިފައި ދެން ޝަދަފު ހިނގައިގަތީ ބެލްކަންޏެވެ. ދަނޑީގައި އަޅުވާލާފައި ހުރި ޖިންސުގެ ޖީބުގައި އޮތް ފޯނު އޭރު އޮތީ ޝަދަފުގެ އަތުގައެވެ. ބެލްކަންޏަށް ނުކުމެވުމާއިއެކު ދޮރުލައްޕާލީ ކޮޓަރީގައި ހަރުލާފައި ހުރި އޭ.ސީގެ ފިނި ބޭރުވިޔަނުދީ ހިފާއްޓާލުމުގެ ބޭނުމުގައެވެ. ބެލްކަނީގައި ހުރި ދަގަނޑު ގޮނޑީގައި އޮތް ކުޝަން ރަނގަޅުކޮށްލުމާއިއެކު ޝަދަފު އިށީނެވެ. އަދި ޖެހިގެން ހުރި ގޮނޑިމައްޗަށް ދެފައި ނަގައި އެއްފައިމައްޗަށް އަނެއްފައި ލަމުން ގޮނޑިއަށް ހަށިގަނޑު ދޫކޮށްލިއެވެ. އޭނާގެ ނަޒަރު އެވަގުތު ވެސް ހުރީ ކުރިމަތިން ފެންނަމުންދިޔަ ބެލްކަންޏަށް ހުއްޓިފައެވެ. ވަށައިގެން ވެރިވެފައިވަނީ ފަނޑުއަލިކަމެކެވެ. މިރޭ ޝަދަފު ވެސް ބެލްކަނީގެ ބޮކި ޖައްސާކަށް ބޭނުމެއްނުވިއެވެ. ފަނޑުއަލިކަމުގެތެރޭގައި އިނދެ އޭނާ ފޯނާކުޅެމުން ދިޔައެވެ. އޭގެ އެކިއެކި ފަންކްޝަންތައް ދެނެގަންނަމުންދިޔައިރު ހިތްވަނީ ކަމަކަށް ބޭގަރާރުވެފައެވެ. ތުންފަތަށް ވައްތަރެއް ޖައްސާލުމާއިއެކު ކުރިމަތިން ފެންނަމުން ދިޔަ ބެލްކަނީގައި ހުރި ދޮރާ ދިމާލަށް ބަލަމުން ދިޔައެވެ. އެގޮތަށް މާގިނައިރަކު އޭނާއަކަށް ނީނދެވުނެވެ. ފައި އަރުވައިގެން އިން ގޮނޑިން ފައި ނަގަމުން އެގޮނޑީގައި ފައިން އަޅާ މަޑުމަޑުން ދުރަށް ކޮށްޕާލިއެވެ. ތަޅުމުގައި ގޮނޑީގެފައި ހޭކިގެންދިޔައަޑު ވަށައިގެންވި ހަމަހިމޭންކަމުގެ ތެރެއިން އިވިގެންދިޔައީ ނުހަނު ބާރަށެވެ. އެހެންވެ ކުރިއަށްވުރެ ބޮޑަށް އެކަމަށް ސަމާލުވެލައިގެން ހުރެ ޝަދަފު ތެދުވީ ވަރަށް ބަލައިގެންނެވެ. އެނބުރި ކޮޓަރިއަށް ވަންއިރު އަމޯރާ ހުރީ ކިރުތަށިގެނެސް ތަބަކާއިއެކު އެނދުގެ އަރިމަތީގައި ހުރި ކުޑަމޭޒުމަތީ ބަހައްޓާފައެވެ. ނަމަވެސް އެތަބަކަށް ސަމާލުކަމެއްނުދީ ޝަދަފު އެނދުގެ ފައިލާކޮޅުގައި ހުރި ދިގުގޮނޑިމަތީ އޮތް ކޮތަޅުން ފޯނު ލާފައި އޮތް ފޮށިނެގިއެވެ. އަދި އަލަމާރި ކައިރީ ހުރި ލިޔާމޭޒުގެ މަތީގައި ގަލަންޖަހާފައި ހުރި އެތިން ގަލަމެއްނަގާ އޭގެ ކައިރީގައި އޮތް ކުލަނޯޓު ފޮތުގައި މެސެޖެއް ލިޔެލިއެވެ. އަދި މެސެޖު ނިންމާލަމުން އިނީޝިއަލްގެ ގޮތުގައި ޝަދަފުގެ ވަނަންކަމުގައިވާ “ޑިފީ” މިހެން ޖަހާލިއެވެ. ދެންއޭނާ ކޮޓަރިން ނުކުމެގެން ދިޔައީ އީޝާ މަސައްކަތްކުރަން އުޅޭ ކޮޓަރިއަށެވެ. އެކޮޓަރީގައި ހެނދުން ފަރުމާކުރުމަށް ބޭނުންކުރާ އެކިއެކި ސާމާނުތައް ހުއްޓެވެ. އުނަގަނޑުގައި ދެއަތްވިއްދާލައިގެން ހުރެ ވަށައިގެން ހޯދަމުން ދިޔަ ޝަދަފުގެ ލޮލުގައި އަޅައިގަތީ ތަޅުންމަތީ ނިއުޅިފައި އޮތް މަޑުފިޔާތޮށިކުލައިގެ ލޭސް ރިބަން ރޯލެވެ. އަވަސް އަވަހަށް އެނަގާ އޭނާ ބޭނުންވާ މިންވަރަށް ރޯލުން ރިބަން ދަމާލުމާއިއެކު އީޝާގެ ބަރަނިފޮށިމަތީ އޮތް ކަތުރުން ރިބަންފަށް ބުރިކޮށްލައިފިއެވެ. އެއާއިއެކު ސިއްރުސިއްރުން އެކޮޓަރިން ނުކުމެ ދޮރުލައްޕާލުމާއިއެކު ދުވެލާފައި ކަހަލަ ގޮތަކަށް ޝަދަފު އަނެއްކާ ވެސް އައީ އޭނާގެ ކޮޓަރިއަށެވެ. އަދި ނިކަން ބާރަށް ހަތަރުފަރާތުން ހުރަސްވާނޭގޮތަށް ފޯނުފޮށީގައި ރިބަންފަށް އައްސާލިއެވެ. ފޮށިގަނޑު ނުވެއްޓޭނޭކަން ޔަޤީންވުމުން ޝަދަފު އެހިފައިގެން ބެލްކަންޏަށް ނުކުތެވެ. ވަށައިގެން ބަލާލުމާއިއެކު ޝަދަފު ބެލްކަނީގެ ހިލައިގެ ރެއިލިންގ އާއި ކައިރިވެލާފައި ފޮށީގައި އައްސާފައި އޮތް ރިބަންފަށުގެ ދިގުކޮށް އޮތްބައިގައި ހިފާ ކުރިމަތިން ފެންނަން ހުރި ބެލްކަންޏަށް އެއްލަން މަސައްކަތް ކުރިއެވެ. ފުރަތަމަ ފަހަރުވީ ނާކާމިޔާބެވެ. އެއާއިއެކު ފޮށިގަނޑު އައިސް ބެލްކަނީގައި ޖެހުނު އަޑުވެސް އިވިގެން ދިޔައެވެ. ދެވަނަ ފަހަރަށް ޝަދަފު އެއްލީ ކުޑަކޮށްމަޑުކޮށްލާފައި ދެބެލްކަނީގެ ދެމެދުގައި ހުރި ދުރުމިން އަންދާޒާކޮށްލުމަށްފަހުއެވެ.
(ނުނިމޭ)