HUREEME THIHITHUN JAAGA DHEYTHO [Part – 01]

އެނދުމަތީ ހުޅުވާފައި ހުރި ފޮށްޓަށް އަންނައުނުތައް އަޅަމުންދިޔަ އާތިޤާއަށް ހިތްހަމަނުޖެހިފައި އިނދެ އަރުފީން ބަލަމުން ދިޔައެވެ. ހީވަނީ އެއްޗެއް ބުނަން ބޭނުންވެ ނުބުނެވިފައި އިންހެނެވެ. ދޭތެރެދޭތެރެއިން ދަތްކުނޑިވިކައިގަނެއެވެ. ނުވިތާކަށް ދެބުމަގޮށްޖަހާލަމުން ތުންކޮޅު އޫކޮށްލާނެއެވެ. އުމުރުން ނަވާރަ އަހަރު ފުރެން އުޅޭއިރު ވެސް އަރުފީނުގެ ފަރާތުން ފެންނަނީ ބާރަތޭރެ އަހަރުގެ ކުއްޖެއްގެ ފަރާތުން ފެންނާނޭ ފަދަ ޢަމަލުތަކާއި ހަރަކާތްތަކެވެ.

“ތިހެން ނީނދެ ދެން އާދެބަލަ، ދަރިފުޅަކައްނު އެނގޭނީ މި ފޮށްޓަށް އަޅަންވީ ކޮންކޮން އެއްޗެއްކަން، މިތަނުން ލަނީ ކޮންހެދުމެއް ކަމެއް ނުލަނީ ކޮންހެދުމެއް ކަމެއް ނޭނގޭ، ދިގު ހަރުވާޅެއް ވެއްޖެއްޔާ މިއޮންނަނީ ފައިކުރި ބުރިކޮށްލާފައި، މިހާރު ބުނެފިން ތި ސޯޓުބުރިތައް ނުލާށޭ، ރީތި ހެދުމެއް ފަހައި ދިނަސް މިކުއްޖާ ނުލާނެ، ކިހާ ރީތިކޮށް ހުންނަންވީ ކުއްޖެއްތަ ތީ، އެކަމަކު ކޮންމެ ދުވަހަކު އެ ފަރަހަމެންނާ ގުޅިގެން މޫދަށް ވެސް އެބައެރެޔޭ، ދެން އެހެން އުޅޭކަށް ނުކެރޭނެ” ފޮށްޓަށް އެއްޗެހި އަޅަމުންދިޔަ އާތިޤާ ލޮލުގެ ހިމަކޮޅުން ކޮޓަރީގެ ކަނަކަށްވަދެ ފިލާ އިން އަރުފީނަށް ބުންޏެވެ.

“އެކަކު ވެސް އަހަރެންދެކެ ލޯތްބެއްނުވޭ، މިގޭން ނިކުމެގެން ދާންވީ…” ބޮޑާހާކާލާ ކަހަލަ ގޮތަކަށް އަރުފީނު ބުނެލިއެވެ.

ވަށައިގެން ރާނާ އުވަޖަހާފައި ހުރި ކޮޓަރި ހުރީ ސީލިން ނުކޮށެވެ. މަތީގައި ހުރި ވަކަރުތަކުން ކޮޓަރީގެ މެދަށް އޮތް ވަކަރުގައި ފަންކާގެ ބުޅިއަޅުވާފައި ހުއްޓެވެ. އެހެންނަމަވެސް އެނބުރެމުންދިޔަ ފަންކާ ބުރުއަޅާލުމާއިއެކު އެއްފަރާތަށް އެއްލާގޮތުން ހީވަނީ ދެންމެދެންމެ ބޮލަށް ވެއްޓިދާނެ ހެނެވެ. ދެފަރާތުގައި އެކަކަށް ނިދޭނޭ ފަދަ ޒަމާނީ އެނދެއް ހުރިއިރު ތިންދޮރުފަތްލީ ބޮޑު އަލަމާރިއެއް ދެއެނދުގެ މެދަށް ކުރިމަތިވާގޮތަށް ފާރުގައި ޖައްސާފައި ހުއްޓެވެ. އަލަމާރިއާ ކުރިމަތިވާގޮތަށް ލިޔާމޭޒެއް ހުއްޓެވެ. އެ މޭޒުމަތީ ބައެއްފޮތްތަކާއި މޭޒުމަތީ ބޮތްކެއް ހުއްޓެވެ. އަރުފީން އިނީ ފާޚާނާ ކައިރީ ދެފާރުއިންވެގެން ހުރި ކަނުގައި އިށީނދެއެވެ. އެދިމާލުގައި ހުރި ކުޑަދޮރުގެ ދޮރުފޮތިގަނޑު އޭނާގެ ބޮލުގައި ހޭކެމުންދިޔައިރު އެކަމުގެ އުނދަގޫވެގެން ނޫޅެއެވެ. ދެކަކޫ ގެނެސް މެޔާއި ކައިރިކޮށްލައިގެން ބާރަށް ދެއަތް ކަކުލުގައި ވަށާލައިގެން އިނީ ރުޅިވެރި މޫނެއް ދައްކައިގެންނެވެ. ހެނދުނުއްސުރެން އޭނާގެ ޠަބީޢަތްވަނީ ބަދަލުވެފައެވެ. ލިބުނު ޚަބަރާއެކުއެވެ.

“މިގެއިން ނިކުމެގެން ދިޔައްޔާ ވަކި މޮޅުތަކެއް އަރުފީނަށް ވާނެތަ؟ ބޭކާރުގޮތުގައި ރަށުތެރޭގައި ދުވުން ނޫންކަމެއް މިހާރު އަރުފީން ނުކުރަމެއްނު، ބަލަ އަހަރުމެން އެންމެން އަރުފީންދެކެ ލޯބިވާތީއޭ މާލެ ގެންދަން މިއުޅެނީ، ބައްޕަ ވެސް ކިހާ އުފާވާނެ އަރުފީނު ކިޔަވާ މޮޅު ކުއްޖަކަށްވީމަ، އަރުފީން ކިޔަވާ ނިމުނީމަ އަލުން ރަށަށް އާދެވޭނެ އެއްނު” އަރުފީނަށް ވިސްނައި ދީދީ އާތިޤާގެ ތަލިން ކުޅުހިކޭ ވަރުވެއްޖެއެވެ. އެހެންނަމަވެސް އެކުއްޖާ އޭނާގެ ވާހަކަ ޤަބޫލުކުރާކަށް ބޭނުމެއްނޫނެވެ.

“ސޮފޫދައްތަ ހުއްޓާ ކީއްކުރަންތަ އަހަރެން މާލެ ގެންދަނީ، ބޮޑުމަންމައަށް އެންމެ އެހީވަނީ ވެސް އަހަންނެއްނު، އެހެންވީމަ އަހަރެން ބަހައްޓާފައި ސޮފޫދައްތަ ފޮނުބަލަ” ރުޅި އައިސްގެން އެއްވެސް ކަމެއް ނުވާނޭކަން އެނގުމުން އަރުފީނު އާދޭހުގެ ރާގެއްގައި ބުނެލިއެވެ.

“އޭނާއަށް އެހެރީ ކިޔެވޭނެ އެއްޗެއްވިއްޔާ ކިޔެވިފައި، މީހަކާ ނީނދެވިގެން އުޅޭ މީހަކު ކޮންކިޔެވުމެއްތަ ކިޔަވާނީ، އަރުފީންގެ ބައްޕަގެ ނިންމުން ބަދަލެއް ނުވާނެކަން އަދިވެސް ނޭނގޭތިތަ ތިހެން ތިއުޅެނީ، އަނެއްކާ މިކަހަލަ ފުރުޞަތެއް ލިބުން އެއީ ކިހާ ބޮޑު ނަސީބެއް، އަރުފީން ވެސް ބޭނުންވަނީ ކިޔަވާ ވަރަށް މޮޅު ކުއްޖަކަށް ވާކައްނު، ބަސްއަހައިގެން ނިކަން ބޮޑުމަންމަ އާއި ބައްޕަ ފަޚުރުވެރި ވާ ފަދަ ކުއްޖަކަށް ވެބަލަ… ދެން އާދޭ، ތިހިރީ ވަރުއެރުވިގޮތަށް މެންދުރު ވެސް ނުކައި” ފޮށްޓަށް އެއްޗެހި އަޅައި ނިމުމާއިއެކު އާތިޤާ އައިސް އަރުފީން ނެގޭތޯ އޭނާގެ އަތުގައި ހިފާ ދަމާލިއެވެ. އެއާއެކު އުނދަގުލަކާއި ނުލާ އޭނާއަށް އަރުފީނު ހިއްލާލެވުނެވެ. ނުދާން ހުރި ފަދަ ގޮތަކަށް ފައި ދަމަމުން އާތިޤާއާއެކު ކޮޓަރިން ނިކުންނަން ދިޔައެވެ.

“ތިއޮއްމޫނެއްވާ ދޯ، ފަތަފޮޅިއެއް އަޅާލިޔަސް ވަގުތުން ރޯފިލާނެކަން ޔަޤީން” ޖޯލީގައި ލޯބީގެ ވާހަކައެއް ކިޔަން އޮތް ސޮފޫރާއަށް އާތިޤާ ދަމަމުން ކަހަލަ ގޮތަކަށް ބަދިގެފަރާތަށް ގޮވައިގެން އައި އަރުފީނުގެ މޫނު ފެނި ބުނެލިއެވެ. ލާނެތްކަން އެކުލެވިފައިވާ ރާގެއްގައި ސަފޫރާ ދިމާކޮށްލުމުން އޭނާއާ ދިމާލަށް ދޫނެރެ އަރުފީނު ވައްތަރުޖައްސާލިއެވެ. އަދި ނިކަން އަވަހަށް މޫނު އަނެއްފަރާތަށް އަނބުރާލިއެވެ. ސަކަ ހިނިގަނޑަކާއިއެކު ޖޯލިން ތެދުވި ސޮފޫރާ އައިސް އަރުފީންމެންގެ ފަހަތުން ކާގެއަށް ވަނެވެ. އިތުރަށް ދިމާކޮށްލަން ގަސްދުކޮށްގެން ހުރެއެވެ.

“ބަލާބަލަ ބޮޑުމަންމާ، އަހަރެން ދާން އުޅޭއިރު މި ސޮފޫދައްތަގަނޑު ދެރައެއް ވެސް ނުވެއެއްނު، އެހެރީ ކިޔާއެއްޗެހި، މާލޭ މީހުން އެހާ ގޯހީއާ ކީއްވެތަ އަހަރެން އެތަނަށް ތިފޮނުވަނީ، ދެން އެކަކު ވެސް ނުފެންނާނެ….” ކުސްތަޅާލި އަރުފީން ޝަކުވާކުރިއެވެ. އެއާއެކު އާތިޤާ، ސޮފޫރާއަށް ހަޅޭލައިގަތުމާއިއެކު އެތަނުން ފޮނުވާލިއެވެ. އަރުފީނު އިތުރަށް ކަންބޮޑުކުރަން އޭނާ ބޭނުންނުވާތީއެވެ. އަނެއްކޮޅުން ސައިނުބޮއެ ނިކުމެގެން ހިނގައިދާނެ ކަމުގެ ބިރާއިއެކުއެވެ.

އިޝާ ނަމާދުން ފައިބައިގެން މިސްކިތުން ނިކުތް ޙައިދަރު ދެފައިތިލަޔަށް އޭނާގެ ފައިވާން ހެޔޮވަރުކޮށްލައިގެން ހިނގައިގަންނަން އުޅުނު ވަގުތު މީހަކު ގޮވާލުމުން ހުއްޓި ފަސް އެނބުރި ބަލާލިއެވެ. އޭރު މިސްކިތުގެ ތެރެއިން ކާސިމު ހުރެ އާދެއެވެ. އޭނާ އަންނަން ދެން މިސްކިތުގެ ގޯތިތެރޭ އެއްފަރާތުގައި ޙައިދަރު މަޑުކޮށްލައިގެން ހުއްޓެވެ. ދެމީހުން ބައްދަލުވުމާއިއެކު އަވަސްވެގަތީ ސަލާމުކޮށްލުމަށެވެ.

“ޙައިދަރު، އެގާރަ ޖަހާއިރަށް އޮޑިދޮށަށް އަންނަންވާނެ، ދިހައެއްޖެހީމަ އަހަރުމެން މުދާ ބަރުކުރަން ފަށާނަން، އަސްލު އެގާރަގަޑި ބައިގަ މީހުން އަރުވާގޮތަށް ހަމަޖެއްސީ އެކަމަކު ރަނގަޅު ތަންކޮޅެއް ލިބޭނީ ކުރިން އެރީމަތާ، އަނެއްކާ ޙައިދަރުގެ އަންހެން މަންޖެ ގޮވައިގެން ކުރާ ދަތުރެއްވީމަ އަހަރެން ވެސް ބޭނުން އޮޑީގެ ފަސޭހަ ހިސާބަކުން ތި ދެބަފައިން ތިބުމުގެ ކަންތައް ހަމަޖައްސައިދޭން” ވާހަކައިގައި ހުރެ ޙައިދަރާއިއެކު ކާސިމު ހިނގައިގަތެވެ.

އުތުރުގެ ބޮޑު ރަށަކަށް ނިސްބަތްވާ ޙައިދަރަކީ ރަށުގައި އެންމެ ބޮޑު ދެ ފިހާރަ ހިންގާ ފަރާތެވެ. ކާސިމު ދުއްވާ އޮޑިއަކީ ވެސް ޙައިދަރުގެ ޚިއްޞާ އޭގައިވާ އެއްޗެކެވެ. ރަށުގެ އެތައް ބައެއްގެ ލޯބި ލިބިފައިވާ ޤަދަރުވެރި މީހެކެވެ. ވިޔަފާރީގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާ ފަރާތެކެވެ. މީހުންނަށް އެހީވުމުގައި ލާމަސީލު ނަމޫނާއެކެވެ. ނަމަވެސް ދިރިއުޅުމުގެ މައިދާނުގައި އޭނާ ބޭނުންވި ފަދަ ކުރިއެރުމެއް ނުލިބުނެވެ. ކައިވެންޏަށް ދެއަހަރުގައި ލޯބީގެ ގަހުގައި މާފޮޅި މޭވާއެޅިއެވެ. ނަމަވެސް އެ މޭވާ ދޮންވެ ފައްކާވެ ގަހުން ވަކިވިއިރު ގަހުގެ ދިރުން ނެތިއްޖެއެވެ. ކިތަންމެ ލޯބިން ފެންދީ ހެއްދިނަމަވެސް އެ ގަސް ރޯވެ ހެދުމަކީ ޙައިދަރުގެ އަތްމަތީގައި އޮތްކަމަކަށް ނުވިއެވެ. ހުރިހާ އެއްޗަކަށް ދިރުންދެއްވާ ކަލާނގެ ނިޔާފުޅުގައި ވާގޮތުގެ މަތީން ގަހުގެ އަޒަލުހަމަވީއެވެ. ތުއްތުތުއްތު އަރުފީނާއިއެކު މާޔޫސްކަމުގެ ބިޔަރާޅުތަކާއި ހަނގުރާމަ ކުރަން ޙައިދަރަށް މަޖުބޫރުވީއެވެ. ލިބިގެންދިޔަ އެކަނިވެރިކަމުގައި ދަރިފުޅު ބެލުން ފަސޭހަކަމަކަށް ނުވުމުން އެ ތުއްތު ފުރާނަ އަތްމައްޗަށް ލައިގެން އާދެވުނީ ހުވަފަތްވެފައި އިން ކޮއްކޮގެ ގާތަށެވެ. އޭރު އާތިޤާގެ އުނގުގައި ދެއަހަރަށްދާ ސޮފޫރާ އޮތެވެ. ގޮތެއްނެތިފައި ތިބި އެ ދެމައިންގެ ހިތްދަތިކަމުގެ ދާވަނީގައި ހިފައި އަޑިގަނޑުން އުފުލާލަދިން މީހަކީ ޙައިދަރެވެ. އެދުވަހުން ފެށިގެން އާތިޤާގެ އުރުގެ ހިމާޔަތުގެތެރޭގައި ސޮފޫރާގެ އިތުރުން އަރުފީންވިއެވެ. ދެބެން ބޮޑުވީ ޙައިދަރަކީ ބައްޕަ ކަމުގައި ދެކި އާތިޤާއަކީ މަންމަކަމުގައި ދެކިގެންނެވެ. ރަށުގައި އުޅޭ މީހުންގެ ދޫދޫ މަތިން ދެކެވެމުން އައީ އެއް ވާހަކައެކެވެ. އެއީ ޙައިދަރުގެ ޢާއިލާއަށް މީހަކު ކޮށްފައި ހުރި ކަންވެރިކަމަކާއި ގުޅިގެން އެ ޢާއިލާގެ އެއްވެސް ކުއްޖަކަށް ދިރިއުޅުމެއް ނުފެންނަނީ ކަމުގައެވެ. ކައިވެންޏަށް ދުވަސްކޮޅެއް ވާއިރަށް އަނބި ނޫނީ ފިރިމަރުވަނީ އެހެންވެ ކަމުގައެވެ. ނަމަވެސް އެއީ ޙައިދަރު ޤަބޫލުކުރާ ކަމެއްނޫނެވެ. ނަމަވެސް ދަރިންގެ ދިރިއުޅުން ޅައުމުރުގައި ހަލާކުވެދާނޭތީވެ އާތިޤާ ކަންބޮޑުވެއެވެ.

ކަށުންކާވިލާގެ ނޫކުލައިގެ ދޮރޯށި ހުޅުވާލާފައި ޙައިދަރު ގެއަށް ވަންއިރު ގޯތިތެރެ އޮތީ ފަޅުކޮޅެވެ. މަޑު ހިނގުމުގައި އައިސް ފެންޑާތެރޭގައި ހުރި ފައިވަން ހަރުގަނޑަށް ފައިވަން ލުމާއިއެކު ބޮޑުކޮޓަރިތެރެއަށް ވަނެވެ. ހުޅުވާފައި ހުރި ޓީވީ ފެނުމާއިއެކު ކޮޓަރިތަކާ ދިމާލަށް ޙައިދަރު ބަލާލިއެވެ. އާތިޤާގެ ކޮޓަރިތެރޭން ވާހަކަދައްކާ އަޑު އޭރު އިވެއެވެ. ނަމަވެސް އެ ދިމާލަށް ދިއުމުގެ ބަދަލުގައި ޙައިދަރު އައިސް މެދެއްހާ ހިސާބުގައި ހުރި އިސްޕެންޖުޖެހި ލަކުޑި ސޯފާގައި އިށީނދެ ޓީވީ ރިމޯޓުން ދިވެހި ޗެނެލަކަށް ބަދަލުކޮށްލިއެވެ. ޓީވީއިން އިވެމުންދިޔަ އަޑު ބަދަލުވިކަމުގެ ހިލަންވެގެން ނިކަން އަވަހަށް ކޮޓަރިން ބޭރަށް އާތިޤާ ބޯދިނެވެ.

“ދެންމެތަ ދޮންބޭބެ ތިއައީ” ޙައިދަރުގެ ގާތަށް އައި އާތިޤާ އަހާލިއެވެ.

“އާން! ކޮބާ އަރުފީން، އަދިވެސް ބޮޑާހާކާފަތަ؟” ޙައިދަރު އަހާލިއެވެ.

“ވަރަށް ވިސްނައިދީފިން، ހިލާ ޤަބޫލެއްނުކުރި، ދެން އެހެންވާނެ ދޯ، އުޅެބޮޑުވި ފަސްގަނޑާއި ޢާއިލާއާ ދުރަށްދާންވީމަ ކޮންމެ ކުއްޖަކު ވެސް އުޅޭނީ އެހެން، ދޮންބޭބެ ވަރަށް ވިސްނާފަތަ އަރުފީން އެގެއަށް ފޮނުވަން ތިއުޅެނީ، އެނގެއެއްނު މާލޭގައި ކިޔަވަން ތިބޭ ކުދިންނަށް، އެވެސް ޚާއްޞަކޮށް އެކަހަލަ ގޭގޭގައި ތިބޭ ކުދިންނަށް އެމީހުން ކަންތައްކުރާގޮތް، ފަހީމުގެ ކޮއްކޮ ވެސް ރަށަށް އައީ މާލޭގައި ނުހުރެވިގެން، އެމަންޖެ ހުރި ގޭގެ މީހުން ކަންތައްކުރި ގޮތުގެ ވާހަކަ ރޮއެފަ ކިޔައިދިން… އެހެންވެ އަހަރެންގެ ހިތް ވަރަށް ބިރުގަނޭ، އަދި އަންހެން ކުއްޖަކު އެކަނި ފޮނުވާލަންވީމާ ވަކިން ބިރުގަންނަނީ” އާތިޤާ ވާހަކަދެއްކީ ވަރަށް މަޑުމަޑުންނެވެ. ގޭތެރޭގައި އުޅުނު އަރުފީނަށް އޭނާގެ އެވާހަކަތައް އަޑުއިވެން ބޭނުންނުވާތީއެވެ.

“އާސިޔާއަކީ ދޮންބެދައްތަގެ އެންމެ ގާތް ރަޙުމަތްތެރިޔާ، ދޮންބެދައްތަ ދުނިޔޭގައި ވެސް ބުނި އާސިޔާ ނޫނީ އިތުބާރުކުރެވޭ ރަޙުމަތްތެރިއަކު މިއޮއް ބޮޑު ދުނިޔޭގައި ވެސް ނެތޭ، ވީއިރު ދޮންބެ ވެސް އޭނާއަށް އިތުބާރުކުރަން ވާނެއެއްނު، އާސިޔާ ބުނި ޝާރުދާމެންނަކީ ވަރަށް ހެޔޮ ބަޔެކޭ، ކިތަންމެ ލިބިގެން ފުދިގެން އުޅުނަސް ބޮޑާކަމެއް ނުހުންނާނެއޭ، ނިކަމެތިންނަށް ހެޔޮބައެކޭ، މިހާރު ވެސް އެގޭގައި ކުއްޖަކު ކިޔަވަން ހުންނަ ވާހަކަ ވެސް ބުނި، އަރުފީނަކީ މޮޅުކުއްޖެއް، ވީއިރު އަދި އޭނާގެ ކިޔެވުން މިހިސާބުން ނިމޭކަށް ބޭނުމެއްނޫން، ރަށުފެންވަރުގައި އެމަންޖެއަކީ އަހަރެން ފަޚުރުވެރިވާ ވަރުގެ ދަރިއެއް، އެހެންވެ މާލެ ފޮނުވަން ބޭނުން ވެސް ވެފައި ހުއްޓާ އާސިޔާ އެ ވާހަކަ ބުނީ، ދެން އެނގިދާނެތާ ދޯ… އަރުފީނު ނުހުންނާނެ ކަމެއްވަންޏާ ނުބުނެއެއް، އޭނާ ހިތްހަމަނުޖެހޭ ކަމެއްވާނަމަ އަހަރެން މިހިރީ މާލޭން ތަނެއް ކުއްޔަށް ހިފައިގެން ވިޔަސް ބަހައްޓާގޮތަށް، އަހަރުމެންނަކީ އިރާދަކުރެއްވިއްޔާ ރަށުގައި މިވަގުތު ތިބި އެންމެ ފޯރާ މީހުން، ދަރިންނަށް އެވަރުގެ ކަމެއް ނުކޮށްދެވިއެއް ނުހުންނާނެ އެއްނު” ޙައިދަރު ވެސް ބޭނުންވީ ނުބައިގޮތަކަށް ވިސްނުމުގެ ބަދަލުގައި އާސިޔާއަށް އިތުބާރުކުރާށެވެ.

“އާސިޔާމެންގޭގައި އަރުފީނު ބަހައްޓާގޮތަށް ހަމަޖެހުނު ނަމަ ކުޑަ ނަމަވެސް ހަމަޖެހުމެއް ހިތަށް ލިބުނީސް” އާތިޤާ ބުނެލިއެވެ.

“އެގެއަށް އަރުފީން ފޮނުވާކަށް އަހަރެން އެހާ ހިތްހަމައެއްނުޖެހޭ، ކުޑަކުޑަ ތަންކޮޅެއް ބުރިބުރިއަށް ނަގައިގެން އެ އުޅެނީ، ނުވިތާކަށް އާސިޔާގެ ފިރިމީހާގެ ތިމާގެ މީހަކު އެގޭގައި ނުހުންނަ އިރެއްނުދާނެ، އެކަހަލަ މާޙައުލަކަށް އަރުފީނު ފޮނުވައިގެން ރަނގަޅު ނަތީޖާއެއް ނުނިކުންނާނޭ ހިތްބުނާވަރުން އޭނާ ގާތު ނުބުނީ ވެސް، އެކަމަކު އާސިޔާގެ ވާހަކަތަކުން އެނގޭ ޝާރުދާއަކީ ނިކަން ގޮތެއްގައި ހުންނަ އަންހެނެއްކަން، އެގޭގައި ބޭނުންހާ ގޮތަކަށް ނޫޅެވޭނެކަން…. އިރާދަކުރެއްވިއްޔާ އަހަރުމެންގެ އަރުފީނަށް ދެރަގޮތެއް ނުވާނެ، މިހާރު ފޮށިތައްޔާރުކޮށްފިންތަ، މިސްކިތުން ކާސިމާ ވެސް ދިމާވި، އޮޑިދޮށަށް އެގާރަޖަހާއިރު އަންނަން ވެސް ބުނި، ކޮންމެހެން ވެސް އާތިޤާ ވާނެ އަރުފީނަށް ބޭނުންވާނެ އެއްޗެހި އޭނާގެ ކުޑަ ދަބަހަށް އަޅައިދީފަ ބަހައްޓަން، ބައެއް ފަހަރު އަހަރެން ހިތަށް އަރާ އަހަންނަށް އަންހެން ދަރިއެއް ނޫނޭ ލިބިފައި މިހިރީ، އަސްލު ލިބެންވީ ފިރިހެން ދަރިއެކޭ” މަޑުމަޑުން ދެފަރާތަށް ބޯހޫރާލި ޙައިދަރުގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އެހިނދު ކައިރީގައި ހުރި ގޮނޑީގައި އިން އާތިޤާ ވެސް ހިނިތުންވެލިތަން ފެނުނެވެ.

* * * *

“ސުބްހާނަﷲ! …ކަލޭމެން ކުދިންނަށްވާ ހަމަ ސާބަސް، ރުހެއިލް، ސަކަރާތްހުއްޓާކަށް ނުވޭތަ، އިރުއޮއްސޭއިރު އިޒްވާން ގޮވައިގެން ކަލޭގެ ބައްޕަ އަންނާނެ، ބަލާބަލަ މިއޮއްތަނެއް، ކީއްކުރަން ހަދައިގެންތަ މިއޮއްބޮޑު ފޮތްހަރުގަނޑު ވެއްޓުނީ” މަތިން ބާރު އަޑުފަށްގަނޑެއް އިވިގެން ހަލުވިކޮށް ސިޑިން އަރައިގެން އައިސް ގޭގައި ހުރި ކުޑަކުޑަ ލައިބްރަރީއަށް ވަން ޝާރުދާއަށް އެކޮޓަރީގެ ހާލަތު ފެނިފައި ބުނެވުނެވެ.

“ސޮރީ އާންޓީ” ކުއްލިއަކަށް ރުހެއިލް އާއިއެކު ތިބި ފަޒަލް އާއި ނަޒީފު ކުށްވެރިވެފައި ތިބިހެން ބުނެލިއެވެ.

“ތިސަކަރާތެއްޖެހުމަށްވުރެ ގައިންތާހިރުވެގެން ނަމާދަށް ދޭބަލަ، މިސްކިތް މިހިރީ ޖެހިފައި، އެކަމަކު މި ހަރުގަނޑުނަގާ ފޮތްތައް ތަރުތީބުކޮށްފައި ނޫނީ މިތަނުން އެކަކު ވެސް ބޭރަށް ފިޔަވަޅެއް ވެސް އަޅައިގެން ނުވާނެ، އިރުއޮއްސި ހައެއްޖަހާއިރު ރުހައިލް ހުންނަންވާނީ ބޮޑުކޮޓަރިތެރޭގައި” ޝާރުދާ އަމުރުވެރި ރާގެއްގައި ބުނެލިއެވެ. އަދި ހިތްހަމަނުޖެހިފައި ހުރި ގޮތްދައްކަމުން އައި ދިމާއަށް ދިއުމަށް އޭނާ ހިނގައިގަތެވެ. އޭނާ ފުރަގަސް ދިނުމާއިއެކު ރުހައިލް އާއި އޭނާގެ އެކުވެރިން މަޑަކުން ނުތިއްބެވެ.

“ކޮބާ! ހީވޭ ކަމެއްހެން… ދެން ވެސް މިހަރުގަނޑު ނެގޭތޯ އުޅެބަލަ” މެދުގައި ހުރި މޭޒުމަތީގެ އެއްކޮޅުގައި ޖެހިފައި އޮތް ހަރުގަނޑުގައި ހިފާލަމުން ފަޒަލް ބުނެލިއެވެ.

“އަހަންނަށް ފެންނަނީ އަހަރެން އަވަހަށް ގެއަށް ދާން، އެހެންނޫނީ އަނެއްކާ ވެސް ޝާރުދާ އާންޓީ އައިސް ބޮޑު ބޮމެއް ވައްޓާލަފާނެ” ފަޒަލްއަށް އެހީވުމަށް ކުރިއަށް ޖެހިލި ނަޒީފު ބުންޏެވެ. އެއާއެކު ރުހައިލް ޖަހާލީ ހިނިގަނޑެކެވެ.

“މަންމަ އެއުޅެނީ ބޯގޮވައިގެން، މިއަދު ދޮންބެ މާލެ އަންނާތީ، އެވެސް ވާންއުޅޭ ވައިފް ގޮވައިގެން އަންނާތީ، ދޯ ފަޒަލް” ރުހައިލު ވެސް ވެއްޓިފައި އޮތް ފޮތް ހަރުގަނޑުގެ ބައެއްގައި ހިފާ އުފުލާލަމުން ބުނެލިއެވެ.

“އާން! އެ ކުއްޖާ ބަލާހިތުން އަހަރެންގެ މަންމަ ވެސް ދެފައި އެއްތާ ނުޖަހާ” ރުހެއިލް ބުނި އެއްޗަކާއި އެއްބަސްވަމުން ފަޒަލް ބުނެލިއެވެ.

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ބަހާރު ކުޑަތުއްތު އާއި އޭނާގެ އަލަތު އަނބިމީހާ މަރޮށީ ޖަމީލާއަށް ހަތަރުކުދިން ލިބުނުއިރު ދުނިޔޭގައި ތިބީ އެންމެ ދެކުދިންނެވެ. އެއީ މަލީކު އާއި މެހެނާޒެވެ. މަލީކު އާއި ޝާރުދާގެ ކައިވެނި ކުރެވުނީ މަލީކުގެ މަންމަ ޖަމީލާގެ ދުނިޔޭގައެވެ. ނަމަވެސް މެހެނާޒުގެ ކައިވެނި ކުރެވެން ވިއިރު ހުރި ހަމައެކަނި މަންމަ ވެސް މިވަގުތީ ގޮވައްޗާ ވަކިވެއްޖެއެވެ. ނަމަވެސް މެހެނާޒުގެ ކައިވެންޏަށް އެދި ޝުއައިބް އެހުމުން އޭނާއަކީ މަލީކުއަށް ކަމުދާ ޒުވާނަކަށް ވެގެން ދިޔައެވެ. މިހާރު މަލީކު އާއި ޝާރުދާއަށް ވެސް ދެކުދިން ލިބި، އެ ކުދިން ވެސް ބޮޑުވެ ޒުވާނުންނަށް ވެއްޖެއެވެ. އިޒްވާން އާއި ރުހައިލްއަކީ އެ ދެމަފިރިންގެ ފުރާނަ ފަދައެވެ. ހަމައެގޮތަށް މެހެނާޒާއި ޝުއައިބުގެ ދަރިފުޅު ފަޒަލް އަކީ ވެސް ނޫކަށިފުރައިގެ ކުއްޖެކެވެ. ރުހައިލް އާއި ފަޒަލްގެ އުމުރު އެއްވަރުވުމުގެ ސަބަބުން އެ ކުދިންގެ ދެމެދު ޢާއިލީ ގުޅުމުގެ އިތުރުން ދުވަހަކު ވެސް ނުކެނޑޭނޭވަރުގެ ރަޙުމަތްތެރިކަމެއް ވަނީ އުފެދިފައެވެ.

މައިންބަފައިންގެ ދުނިޔޭގައި މަލީކާއި މެހެނާޒު ބޮޑުވީ އެއްފުރާޅެއްގެ ދަށުން ތަރުބިއްޔަތުވެގެންނެވެ. އެހެންނަމަވެސް ދިރިއުޅުމެއް ފަށައި މައިންބައިން ލޯމައްޗަށް ގެއްލުމުން ދެބެން ވެސް ބޭނުންވީ “ބަހާރުގެ” ދެބެންގެ މައްޗަށް ބެހުމަށެވެ. އެގޮތުން ދެބެންގެ ގެ ހެދީ އެއްކޮށް ނަމަވެސް އިންވަކިކުރާ ފާރަކުން ގޯތިން ދެބެންނަށް ލިބުނު ބައި ވަކިކޮށްލެވުނެވެ. އެއްކޮށް ވަކިވުމަކީ މަލީކު ބޭނުންވާ ގޮތެއް ނޫނެވެ. ނަމަވެސް ކޮއްކޮގެ ދިރިއުޅުމަށް ފާޑުނުކިޔާ އުޅެވޭނީ އެ ދެމެދުގައި ފާރެއްލެވިގެންކަން އެނގޭތީ އެގޮތަށް ޤަބޫލުވެވުނީއެވެ. މަލީކުގެ އެދުމަކަށްވީ ދެބައި ވަކިކުރާ ފާރުގައި ދޮރެއް ހަރުކުރުމެވެ. މަގުމަތިންލާފައި ދެބެން އެކަކު އަނެކަކުގެ ބަޔަށް ވަނުމަށްވުރެ ގޭތެރޭގައި އެއްކުއްޖެއްގެ ބަޔަށް އަނެއްކުއްޖަކަށް ވަދޭގޮތަށް ހުރުން މުހިންމު ކަމުގައި މަލީކަށް ވިސްނުނީއެވެ. ނޫނީ މީހުންގެ ދޫތަކުގައި ހިފަހައްޓަން އޭނާ ބޭނުންވީ ކަންނޭނގެއެވެ. ބޮޑު ޢާއިލާއަކަށް ނުވާއިރު ދެބެންނަށް އެކުގައި ނޫޅެވުނީއޭ މީހުންނަށް ހީވާން މަލީކު ބޭނުންނުވާ ކަހަލައެވެ.

* * * *

މާލެ އަންނަން ފުރި “ފަތަޙަ” ބޯޓުގައި މީހުންތައް ގިނަކަމުން ވެސް އަރުފީނަށް އިނީ އުނދަގޫވެފައެވެ. ޙައިދަރު ގެނެސް އަރުފީނު ބޭންދިތަނުގައި ދެފައިވަށްކޮށްލައިގެން ބުރަކަށީގައި އަޅުވަން ގެންގުޅޭ ކުޑަ ދަބަސްގަނޑު އުނގަށް ލައިގެން އޭނާ އިނެވެ. އޭރު ދެއަތުން ހިފައިލައިގެން އިނދެ ކިރުޕެކެޓެއް ބޮމުން ދިޔައެވެ. އަދި ވަށައިގެން ބޯޓުގެ ތެރޭ އުޅޭ މީހުންނަށް ނަޒަރު ހިންގަމުން ދިޔައެވެ. އެންމެންގެ އަޑުފަށްގަނޑު ގަދަވެފައި ވަނީ ބޯޓު މާލޭ ފަޅުތެރެއަށް ވަނީމައެވެ. ޙައިދަރު ބޯޓުގައި އިސްކޮށް އުޅޭ ކާސިމާއެކު ދިރުނބާކޮޅުގައި އުޅެއެވެ. ކައިރީގައި ހުރި ކުޑަދޮރަކުން އަރުފީނު ބޭރު ބަލާލި ނަމަވެސް އިނދެވުނު ތަނުގެ ގޮތުން މާލޭގެ މަލަމައްޗެއް ނުފެނުނެވެ. އޮރެންޖާއި ރަތުގެ ކުލަތަކުން ޖަރީކޮށްފައިވާ އުދަރެސް ފިޔަވައި އޭނާއަށް ދެން ފެނުނީ ބޯޓު ވަދެގެން އައި ނެރެވެ. އަދި ކައިރީގައި ހުރި އެހެން ބޯޓުތަކެވެ.

“ދަރިފުޅާ، ދެން ފައިބަންވީ…” ބަނދަރުގައި ބޯޓު އެޅުމާއިއެކު މީހުންތައް އެމީހުންގެ ފޮށިތައްމަތި ނަގައި ފައިބަން ތައްޔާރުވެލިތަނާހެން ޙައިދަރު އައިސް ހުއްޓިލަމުން އަރުފީނަށް ބުނެލިއެވެ. ނަމަވެސް އޭނާ އިނީ އެއަޑު އިވޭކަމަށް ވެސް ހަދާނުލާ އަނގައިގައި އޮތް ޕެކެޓުގެ ހޮޅިން ފާޑެއްގެ އަޑެއް ލައްވާލަލައްވާލައެވެ. އެކަމާ ޙައިދަރުގެ ގާތަށް ހިނިއައެވެ. އެހެންނަމަވެސް ނުހޭން މަސައްކަތް ކުރަމުން އަރުފީނުގެ ކަކުލުގައި އަތްޖައްސާލަމުން އަނެއްކާ ވެސް ދަރިފުޅުގެ ގާތުގައި ބޯޓުން ފައިބަންވީ ކަމުގައި ބުނެލިއެވެ. މޫނު ހަދާލަމުން ދެއަތުން ހިފައިގެން އިން ޕެކެޓަށް ފިތާލިއެވެ. އަދި އެ ޙައިދަރަށް ދިއްކޮށްލުމާއިއެކު އުސްކޮށް ހަދާފައި ހުރި ބައިން ފައިބަން އަރުފީނު އުޅުނެވެ. އެވަގުތު ޙައިދަރު ދިއްކޮށްލި އަތުގައި ނުޖެހި މާ ކުރިން އަރުފީނު ފުންމާލައިފިއެވެ.

“ކަލޯ އަވިއްސެއްހެން އުޅެނިކޮށް ބޮނޑިއެއްލިބިދާނެ” ބޯޓުން ކުރުނބާ އިހަލެއް ހިފައިގެން ފައިބަން ދިޔަ މީހަކު އަރުފީނަށް ބުނެލިއެވެ. އެވަގުތު އެތަނުގައި ހުރި ކާސިމު، އެ މީހާއަށް އަރުފީނަކީ އަންހެން ކުއްޖެއްކަމުގައި ބުނެދިނެވެ. އަދި އެއީ ޙައިދަރުގެ އަންހެން ދަރިފުޅުކަމުގައި ބުންޏެވެ.

“ކާސިމު، ބޯޓު މިކޮޅުން ފުރާނީ ކޮން ދުވަހަކު، އަހަރެން މި އައީ މިކޮޅުގައި މާގިނަ ދުވަހު ހުންނާކަށް ނޫން، މީގެން އެނބުރި ރަށަށް ދާން ބޭނުން” ތޮށިގަނޑުމަތީ ކާސިމު ދިއްކޮށްލި އަރުފީނުގެ ފޮށި ބަހައްޓަމުން ޙައިދަރު އަހާލިއެވެ.

“ތިން ދުވަސް ފަހުން ފުރާނީ، މިކޮޅުން ބަރުކޮށްގެން އެކޮޅަށް ދާނީ ވެސް، މިވަގުތު ނޯންނާނެ މި ނޫނީ ރަށާ ހަމައަށް ދާނެ ބޯޓެއް ވެސް، ޙައިދަރު ދާން ހުރިއްޔާ ނާރަނީހެއް ނުފުރާނަން” ކާސިމު ޔަޤީންކަން ދިނުމުގެ ގޮތުން ބުނެލިއެވެ. ބޯޖަހާލަމުން ހިނިތުންވެލި ޙައިދަރު، ކާސިމާ ސަލާމްކޮށްލާފައި އެއްއަތުން އަރުފީނުގެ އަތުގައި ހިފާލައިގެން އަނެއްއަތުން ފޮށި ހިފައިގެން ދުވާރުމައްޗަށް ނިކުތެވެ. އަދި ޓެކްސީއެއް ލިބޭތޯ ބަލަމުން ދިޔައެވެ. ނަސީބަކުން ބަޔަކު މީހުން ފޭބި ޓެކްސީއަކަށް ޙައިދަރުމެންނަށް އެރޭ ގޮތްވިއެވެ.

“ދަރިފުޅާ، ފިސާރި ރަނގަޅު އަހުލާޤެއްގެ ވެރި ކުއްޖަކަށް ވެވޭތޯ ބަލާތި، އަމިއްލަ ގޭގައި އުޅޭ ހެނެއްނުވާނެ ބޭރު ގޭގޭގައި، ޝާރުދާ ރުހޭ ގޮތަށް އުޅޭތި، ތިއީ އަންހެން ކުއްޖެއްކަން ދަންނާތި، ބައްޕަ ލަދުގަންނަންޖެހޭ ވަރުގެ ކަމެއް ނުކުރާތި އިނގޭ، ބަސްއަހައިގެން މޮޅުކުއްޖަކަށް ވާތި، އޭރުން ދަރިފުޅުގެ މަންމަ އާއި ބޮޑުމަންމަ ވެސް އުފާވާނީ” ކާރުގައި އިން ޙައިދަރު އެންމެ ފަހު ވަގުތުގައި ވެސް ދަރިފުޅަށް ހެޔޮ ނަޞޭޙަތްދެމުންދިޔައެވެ.

“ބައްޕާ، މަންމަ އުފާވާނެތަ އަހަރެން ބަސްއަހައިގެން މޮޅުކުއްޖަކަށް ވެއްޖެއްޔާ، ވަރަށް ދެކެން ބޭނުންވޭ މަންމަ، އެކަމަކު އެނގޭ ނުފެންނާނެކަން” މަޑުމަޑުން މިހެންބުނެލި އަރުފީނު ޙައިދަރުގެ އަތުގައި ހިފާލަމުން އޭނާގެ ކޮނޑުގައި ބޯއަޅާލިއެވެ.

“ދަރިފުޅާ، ބައްޕަ ބުނަމެންނު މިނޫނަސް ދުނިޔެއް ވެޔޭ، އެދުވަހުން ދަރިފުޅާ، ދަރިފުޅުގެ މަންމަ ބައްދަލުވާނެ، ރަނގަޅު ހެޔޮލަފާ ކުއްޖަކަށްވާން މަސައްކަތްކުރޭ، އެ ދުވަހުން ވެސް ރަނގަޅު ކުދިންނަށް އެ ކުދިން ބޭނުންވާ ކަންކަން ފުރިހަމަވާނީ، އެހެންވީމަ ހިތްވަރާއިއެކު މަސައްކަތްކުރޭ، ބޮޑުމަންމަ ދިން ތަރުބިއްޔަތުގައި ހިފަހައްޓާ…” އޯގާތެރިކަމާއިއެކު ޙައިދަރުގެ އަތުގައި ހިފަހައްޓާލައިގެން އިން އަރުފީނުގެ އަތުގައި ފިރުމާލަމުން ބުންޏެވެ.

* * * *

އިރުއޮއްސުމާއިއެކު އަވަސް އަވަހަށް ގޯތިތެރޭގައި ހުރި ބޮކިދަނޑިތައް ދިއްލުމަށް ގޭގައި ގެންގުޅޭ ޖައުހަރީއަށް ޝާރުދާ އެންގިއެވެ. އޭރު ބޮޑުކޮޓަރިތެރޭގައި މެހެނާޒާއި ޝާރުދާގެ އިތުރުން ރުހައިލް އާއި ފަޒަލް ވެސް ތިއްބެވެ. އެންމެން ވެސް ތައްޔާރުވެލައިގެން ތިބިއިރު ގޭތެރޭގައި ވެސް އެހެންޏާ ނުފެންނަ ކަހަލަގެ ދިރުމެއް ވެރިފައި އޮތް ކަހަލައެވެ. ކާކޮޓަރީގައި ސައި ހުރީ ތައްޔާރުވެ ނިމިފައިތޯ އެއްފަރާތުގައި ހުރި ވަރުޝާގެ ގާތުން ޝާރުދާ އަހާލިއެވެ.

“އޯ ކަމޯން ސިސް، ހަމަޖެހިބަލަ… މިހާރު އެމީހުން އަންނާނެ، އަނެއްކާ ހުތުރުކުއްޖެއް ނޫނެއްނު ގޮވައިގެން އެއަންނަނީ” ޝާރުދާ އުޅޭގޮތުން މެހެނާޒު ބުނެލިއެވެ.

“ބަލާލަން ކިތަންމެހާ ވެސް ރީތި، ފެނުނު ފޮޓޯ އިން ވެސް އެކުއްޖާގެ އެއްވެސް އައިބުކަމެއްނެތްކަން ޔަޤީންވޭ،  އެކަމަކު އެއީ އަހަރުމެންގެ ތަހުޒީބާއި ސަޤާފަތް އެނގޭނޭ ކުއްޖެއްނޫން” ބޮޑުކޮޓަރިއަށް ވަދެވެން ހުރި ދޮރާދިމާއަށް ގެއްލި ހުރެ ޝާރުދާ ބުނެލިއެވެ.

“މިހާރު އެކަހަލަގެ ފަރަގުތަކަށް ބަލަނީ ކޮންބައެއްތަ؟ މި ރާއްޖޭގައި އެހެން ކުރެވޭ ފުރަތަމަ ކައިވަންޏަކަށް އަހަރުމެންގެ އިޒްވާންގެ ކައިވެންޏެއް ނުވާނެ، އެއީ މާކުރީގެ ވިސްނުމެކޭ، އިޒްވާން ހުރީ އުފަލުން ކަމަށްވަންޏާ އެކަމާ އަޅާނުލުން އެންމެ ރަނގަޅުވާނީ، އެކުއްޖާއަކީ އަހަރުމެންގެ ފެންވަރާ ނުލާހިކު ގުޅޭ ކުއްޖެއް، އަނެއްކާ މިކަހަލަ ޢާއިލާއަކަށް އަންނަން ވަރަށް އެކަށޭނެ ކުއްޖެއް” ޝާރުދާގެ ވިސްނުމަށް މެހެނާޒު ނުފޫޒު ފޯރުވިއެވެ.

“އައްސަލާމް އަލައިކުމް…” ފޯޓިކޯއިން ވަދެގެން އައިސް ބޮޑުކޮޓަރި ދޮރުމަތީ ހުއްޓިލި ދެމީހުން ޝާރުދާއަށް ފެނި ހައިރާންވިއެވެ. ސަލާމްބަލައިގަތުމާއިއެކު ވެސް އެއްޗެއް ބުނަން ނޭނގިފައި ހުއްޓާ އެމީހުންގެ ކައިރިން ލާފައި އެތެރެއަށް ވަން އާސިޔާ، ޝާރުދާއަށް ފާހަގަކުރެވުނެވެ.

“މިގަޑީގަތަ؟” ކަންބޮޑުވެފައި ހުރި ފަދަ ގޮތަކަށް ޝާރުދާއަށް އަހާލެވުނެވެ.

“އެއީތަ ދޮންބެގެ ވައިފްއަކީ؟ އަނެއްކާ އަންހެނެއްކަން ޔަޤީންތަ؟ އަނދާ ބޮލިކައިފައި އެހެރީ… މާގިނައިން ސަންޓޭން ކުރެވުނީ ތޯއްޗެއް” ލާނެތް ހުނުމަކާއިއެކު ސިއްރުގޮތަކަށް ރުހައިލު ގާތުގައި ހުރި ފަޒަލްގެ ކަންފަތް ބުޑުގައި އޭނާ ބުނެލިއެވެ.

“އެއީ މަބުނި ކުއްޖާ، ދެންމެ އެއައީ، އެހެންވެ ގޮވައިގެން މިގަޑީގައި އަންނަން ޖެހުނީ، ފަހުން އަންނަން ދާންވީތަ؟” ގޯސް ވަގުތެއްގައިކަން މި އާދެވުނީ އާސިޔާއަށް ހީވެ ބުނެވުނެވެ.

“އުހޫން! އެގޮތް ކަމަކު ނުދާނެ، ދެން އައީމަ ވައްދާނީ، އެކަމަކު އާސިޔާ ބުނީ އަންހެން ކުއްޖެއްގެ ވާހަކައެއްނު” ޝާރުދާ މިހެން ބުނެ ދޮރުމަތީ ތިބި ދެމީހުންނަށް ބަލާލިއެވެ.

“އެއީ އަރުފީން، ދެން އެހެރީ އޭނާގެ ބައްޕަ ޙައިދަރު” އާސިޔާ އޮޅުން ފިލުވައިދިނެވެ. އެހިނދު ޝާރުދާގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ ޙައިދަރުގެ ގާތުގައި ހުއްޓިލައިގެން ހުރި އަރުފީނެވެ. ބޮލުގެ އިސްތަށިގަނޑު ކޮށާލާފައި ހުރީ ފިރިހެނުންގެ ހުންނަ ގޮތަށެވެ. ހަށިގަނޑު އަނަރޫފަވެފައި ހަމުގެ ކުލަ އާދަޔާ ޚިލާފަށް އަނދިރިއެވެ. ހިމަދިގު މޫނާ ބަލާފައި ދެލޯ ހީވަނީ މާބޮޑުހެންނެވެ. ލައިގެން ހުރި އަތްކުރު ގަމީސްކޮޅާއި ސޯޓުބުރީގެ ސަބަބުން ވެސް އޭނާ ޖަހަނީ ފިރިހެން ކުއްޖެއް ވައްތަރެވެ. ހަށިގަނޑުން ވެސް އަންހެން ކުއްޖެއްކަން ފާޅުވަނީ ވަރަށް ބޮޑަށް ބެލީމައެވެ. ޝާރުދާގެ ލޮލަށް އަރުފީނު ފެނި އޮޅުނީ އެހެންވެއެވެ.

“ދުރުވޭ އެތެރެއަށް، މިވަގުތު އަޅުގަނޑަށް މާގިނަ ވާހަކަތަކެއްދެއްކޭކަށް ނެތް، އެހެންނަމަވެސް ވަރުޝާ އެހީތެރިވާނެ ހުރިހާ ކަމެއްގައި، ޙައިދަރު އޮޅުން ފިލުވަން ބޭނުންވާކަމެއް އޮތްނަމަވެސް އަޅުގަނޑަށް ޖަވާބުދޭން ފަސޭހަވާނީ މާދަމާ، ދެން މިގޭގައި މަޑުކުރުމުގެ އިންތިޒާމު އަޅުގަނޑު ހަމަޖައްސާފައި ހުންނާނީ، ވަރުޝާއާއެކު އެތެރެއަށް ދުރުވަންވީ ނޫންތޯ” ހާސްވެފައި ހުރެ ޝާރުދާ ވާހަކަދެއްކިއެވެ. ޙައިދަރަށް ވެސް އެކަން ފާހަގަކުރެވުނެވެ.

“ޝުކުރިއްޔާ، އަޅުގަނޑަށް މަޑުކުރެވޭކަށްނެތް، އެކަމަކު މިވަގުތުން ފެށިގެން ވެސް އަޅުގަނޑުގެ މި ދަރިފުޅަކީ ޝާރުދާއާ ހަވާލުކުރާ ވަރަށް ބޮޑު އަމާނާތެއް، އަދި މާދަމާ ހެނދުނު ދިހައެއް ޖަހާލާއިރު އަޅުގަނޑު އަންނާނަން، އެގޮތް އެންމެ ރަނގަޅެއްނޫންތޯ” ޙައިދަރުގެ ސަބަބުން ޝާރުދާގެ ޢާއިލާއަށް އުނދަގުލެއް ވެދާނޭތީ އޭނާ ބުނެލިއެވެ. އޭނާ ގަސްދުކުރީ އެނބުރި ބޯޓަށް ގޮސް އޭގައި ނިދާލުމަށެވެ. ދެރަވެ ކަންބޮޑުވެފައި ހުރިގޮތަކަށް އަރުފީނު ޙައިދަރަށް ބަލާލިއެވެ. ހައިދަރު ލޯބިން އަރުފީނުގެ ކޯތާފަތުގައި ފިރުމާލުމަށްފަހު ބޮލުގައި މަޑުމަޑުން ޖަހާލިއެވެ. އަދި ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލާފައި ވަންދޮރުން ނިކުންނަން އޭނާ ދިޔައެވެ. އެއާއެކު ޝާރުދާ އަވަސް އަވަހަށް ގެންގުޅޭ ކުއްޖާ ވަރުޝާއަށް ގޮވާލާފައި އަރުފީނުގެ ކަންތައްތައް ހަމަޖެއްސުމަށް ބުންޏެވެ. އަދި ވީހާ ވެސް އަވަހަކަށް އެނބުރި އައުމަށް ވެސް ބުންޏެވެ.

“މަންމާ! މިއައީ އޭ” ކުއްލިއަކަށް ބޮޑުކޮޓަރީގެ ދޮރުމަތިން އިޒްވާންގެ އަޑުއިވުމާއިއެކު ޝާރުދާއަށް އެދިމާލަށް އެނބުރެވުނެވެ. އޭރު ހެވިލާފައި ހުރެ ވަން އިޒްވާންގެ ގާތުގައި މެހެނާޒު އައިސް ހުއްޓިލަމުން އެކުއްޖާގެ ކޮނޑުގައި ޖަހާލިއެވެ. އަދި އިޒްވާންގެ ގާތުގައި ހުރި އަންހެން ކުއްޖާއާ ވާހަކަދައްކަން ފެށިއެވެ. ޝާރުދާއަށް ބަލާލެވުނީ އެމީހުންގެ ފަހަތުގައި ހުރި މަލީކުއަށެވެ. އޭނާ ދެބުމަ އަރުވާލަމުން ދެފަރާތަށް ބޯހޫރާލާފައި އައިސް ސޯފާގައި އިށީނެވެ.

“މަންމާ، މީ ޝެރީލް…. ޝެރީލް، މައި މަމް” އިޒްވާންގެ ގާތުގައި ހުރި އަންހެން ކުއްޖާގެ އަތުގައި ހިފައިގެން އައިސް ޝާރުދާއަށް ތަޢާރަފުކޮށްދިނެވެ. ހިތުގައި ހިނގައިގަތް އޮއެވަރުގެ އަސަރު މޫނުމަތިން ނުދައްކާ ވޭތޯ ޝާރުދާ މަސައްކަތްކުރިއެވެ.

“އިޒްވާން… މަންމަ މިހިރީ ދަރިފުޅު އަންނާނެ އިރެއްގެ އިންތިޒާރުގައި” ތުންފަތަށް ހިނިތުންވުމެއް ގެނުވަމުން އައިސް ޒުވާން ދަރިފުޅުގެ މުލައްދަނޑީގައި ފިރުމާލަމުން އޭނާގެ ގާތުގައި ހުރި އަންހެން ކުއްޖާއަށް ބަލާލިއެވެ. އަދި ހިތްހެޔޮކަން ދައްކަމުން އިޒްވާނުގެ ގާތުގައި ހުރި އަންހެން ކުއްޖާއާ ސަލާމްކޮށްލުމަށް އަތްދިއްކޮށްލިއެވެ. ޝާރުދާ އިނގިރޭސި ބަހުން އެ އަންހެންކުއްޖާއަށް މަރުޚަބާ ކިއުމާއިއެކު ކާކޮޓަރިއަށް އައުމަށް ދަޢުވަތު ދިނެވެ. އެ މަންޒަރު ފެނި އިޒްވާނުގެ ތުންފަތުގައި ދުވެލި ހިނިތުންވުމާއިއެކު އޭނާ އަވަސް އަވަހަށް ޝެރީލް އާއި ޝާރުދާއާއެކު ހިނގައިގަތެވެ. އިޒުވާނު ފެނުމުން ޝާރުދާގެ މޫނުމަތިން ފެންނަ އުފާވެރިކަމަށްވުރެ މެހެނާޒުގެ މޫނުމަތިން ފެންނަ އުޖާލާކަމާއި ހިތްހަމަޖެހުމުގެ ކުލަވަރު ގަދައެވެ. ކާކޮޓަރިއަށް ވެސް އެހެންމީހުނަށް ވުރެ ކުރިން އޭނާ އައިސް ވަދެއްޖެއެވެ.

“ވަރުޝާ، އަވަސްކުރޭ… ތަށިތަށް އުއްޑުންޖަހާ، ހުރިހާ ތަށްޓެއްގެ މަތިތައްނަގާ ނެޕްކިންތައް ކައިރިކޮށްލާ” ހިތްއަވަސްވެފައި ހުރި ފަދަ ގޮތަކަށް މެހެނާޒު ވާހަކަދެއްކިއެވެ. އެއާއެކު ގޭގައި ގެންގުޅޭ ކުއްޖާ، ވަރުޝާ ހަލުވިކަމާއެކު މެހެނާޒުގެ އަމުރަށް ކިޔަމަންވިއެވެ.

ޝާރުދާގެ ލޯ އެންމެ ހިނދުކޮޅަކަށް ވެސް ޝެރީލްއާ ވަތްކެއްނުވެއެވެ. ކޮނޑަށްވުރެ ދެތިން އިންޗި ތިރިއަށް ރަންކުލައިގެ ފަށުވިކޮޅެއް ފަދަ އިސްތަށިގަނޑު މިނިވަންކަމާއެކު ދޫކޮށްލާފައި އޮތްއިރު ލައިގެން ހުރި ކަޅާއި ހުދުގެ ތުނި ހެދުމުގައި އަތެއް ނެތުމުން އޭނާގެ ދޮން އަތް އެއްކޮށް އޮތީ ފެންނާށެވެ. ހެދުމަކީ ހޫނުމޫސުމުގައި ލާއުޅޭ ފަދަ ހެދުމެއްކަން ޝާރުދާއަށް ވެސް ނަގައިގަންނާކަށް އުނދަގުލެއް ނުވިއެވެ. އޭނާއަށް ވެސް ރާއްޖޭން ބޭރުގެ މޫސުން އޮންނަ ގޮތާއި އެމީހުން އެކި މޫސުމުގައި ލާއުޅޭ ހެދުންތައް އެނގެއެވެ. އެހެންނަމަވެސް ޝާރުދާއަށް އުނދަގޫ ކުރަނީ ޝެރީލް ލައިގެން ހުރި ހެދުން ކުރުކަމުންނެވެ. ކަކުލަށްވުރެ ފަސްވަރަކަށް އިންޗި މަތީގައި ހެދުމުގެ ފަސްބައި ހޭކިލަހޭކިލަ ހުއްޓެވެ. އަނެއްކޮޅުން ޝެރީލް ގުދުވެދާނޭތީ ވެސް ޝާރުދާ ހުރީ ކަންބޮޑުވެފައެވެ. ކަރުވަޅު އެހާ ބޮޑުއިރު އަންހެން ކުއްޖަކު ގުދުވެލުމުން ދެން ވާނޭ ގޮތް އޭނާ ވިސްނަން ވެސް ބޭނުންނުވަނީއެވެ. ކިތަންމެ ފަހަރަކު ޝެރީލްގެ އަތުގައި އަޅުވާލައިގެން ހުރި ކްރޮޗެޓް ޖެކެޓު ނަގާ ލައްވަން ޝާރުދާގެ ހިތް ބުންޏެވެ. ނަމަވެސް ފިރިހެން ދަރިފުޅުގެ ހޮވުމަށް ފާޑުނުކިޔާ ވޭތޯ އޭނާ މަސައްކަތްކުރިއެވެ.

“މަންމާ، އެކޮޅުގައި ހުންނައިރު މަންމަމެން މަތިން ވަރަށް ހަނދާންވޭ، އިޓްސް ގްރޭޓް ޓު ބީ ހޯމް އަގައިން” އުފަލުން އިން އިޒްވާން މޭޒުމަތީގައި ހުރި ހުރިހާ ތަށިތަކަށް ނަޒަރު ހިންގަމުން ބުނެލިއެވެ.

ސައިގެ ކަންތައްތައް ކުރިއަށް ދިޔައިރު އެންމެން ވެސް ކެއީ ވަރަށް ކުޑަކޮށެވެ. ރޭގަނޑުގެ ކެއުން އަދި އޮތީ ކަމުގައި ޝާރުދާ ޢިއުލާން ކުރުމުންނެވެ. ކާކޮޓަރިން ނިކުތް ގޮތަށް ޝާރުދާ އަވަސްވެގަތީ ޝެރީލްއަށް ހަމަޖައްސައިފައިވާ ކޮޓަރި އޭނާއަށް ދައްކާލުމަށެވެ. އޭރު ފާރޫޤު އިޒްވާން އާއި ޝެރީލްގެ ފޮށިތައް ގެންގޮސް އެކުދިންގެ ކޮޓަރިއަށް ލައިފިއެވެ. ބަސްމަދުވެފައި ހުރި މަލީކު ހިނގައިގަތީ އޭނާގެ ކޮޓަރިއަށެވެ. ޝާރުދާއާއެކު މެހެނާޒު އައެވެ. ރުހައިލް އާއި ފަޒަލް ތިބީ ފޫހިވެފައެވެ. އެކުދިންނަށް އިޒްވާން އަންހެން ކުއްޖަކު ގޮވައިގެން އައުމުން ކަންތައްބޮޑެއް ނުވިއެވެ. ޝާރުދާގެ ލޯމަތިން ގެއްލެން ބޭނުންވެފައި ތިބި ރުހައިލް އާއި ފަޒަލްއަށް ވީ ރަނުގެ ފުރުޞަތަކަށެވެ. ޝެރީލް އާއިއެކު ޝާރުދާ އާއި މެހެނާޒު އުޅޭތަން ފެނި ދެ ޒުވާނުން އައިސް ވަނީ ރުހައިލްގެ ކޮޓަރިއަށެވެ.

ޓީވީ ކުރިމަތީ އޮތް ދެ ބީންބޭގުގެ މައްޗަށް ދެ ކުދިން ޖެހިގަންނަމުން އަވަސްވެގަތީ ޓީވީ ގޭމް އެޅުވުމަށެވެ. ލިބުނު މިނިވަންކަން މަޖަލުގައި ހޭދަކޮށްލަން ބޭނުންވީއެވެ. ރުހައިލް އާއި ފަޒަލްގެ ކިޔެވުން ފެށެން ވެސް އޭރު ހަފްތާއަކަށް ވެއްޖެއެވެ. އިޒްވާނުގެ ސަބަބުން ޝާރުދާގެ ހިތްވަނީ އުދާސްވެފައެވެ. އިޒްވާން ނެގި ފަދަ ފިޔަވަޅެއް ރުހައިލް ނަގާ ފާނޭތީ އޭނާ ކަންބޮޑުވެފައި ވެއެވެ. ރާއްޖޭން ބޭރަށް ކިޔަވަން ދަރިފުޅު ފޮނުވަން ބޭނުންނުވަނީ އެހެންވެއެވެ. ރުހައިލް ހުރީ އޭނާގެ ބޭބެގެ ފިޔަވަޅު މަތިން ހިނގަން ތައްޔާރަށެވެ. ކިޔަވަން ބޭނުންވަނީ ބޭބެ ފަދައިން ލަންޑަނުގައި ބޭބެ ކިޔަވަން އުޅުނު ޔުނިވަރސިޓީއިންނެވެ. އެހެނަމަވެސް މަންމަގެ ނުރުހުމުގައި ރުހައިލް އެއްވެސް ކަމެއް ކުރާކަށް ބޭނުމެއްނޫނެވެ. ރުހައިލްއާ ވަކިވާން ބޭނުންނުވި ފަޒަލް އޭނާގެ މައިންބަފައިން ގާތު ރޮއެ އާދޭސްކޮށްގެން ރުހައިލްއާ އެއްތަނަކުން ކިޔަވަން ނިންމީއެވެ.

* * * *

އެނދުގައި އިށީނދެލައިގެން އިން އަރުފީނަށް ކޮޓަރީގެ ވަށައިގެން ބަލާލެވުނެވެ. ނުވެސް ދަންނަ ބައެއްގެ ތެރެއަށް އޭނާގެ ބައްޕަ، އޭނާ ގެނެސް އެގޮތަށް ދޫކޮށްލީ ކީއްވެބާއޭ ހިތަށް އަރަމުން ދިޔައިރު ރަނގަޅު ގޮތް އަމިއްލަ ސިކުނޑިއަށް ވިސްނައިދޭން ވެސް އޭނާ މަސައްކަތް ކުރިއެވެ. ފުރަތަމަ ފަހަރަށް އެކަނިމާ އެކަނި އުޅެން ޖެހުނީމާ އަރުފީނުގެ ހިތުގެ ހިނގުންވަނީ އަވަސްވެފައެވެ. ބަޔާންކުރުމަށް ދަތިވާ ފަދަ ނުތަނަވަސްކަމެއް އެހިތަށް ލިބިފައިވާ ކަހަލައެވެ. ހަމައެކަނި ދޮރުކައިރީ ހުރި ބޮކި ދިއްލާފައި ހުރުމަކުން އަރުފީނަކަށް ނުފުދުނެވެ. އޭނާ ތެދުވެގެން އައިސް ސްޓަޑީ ޓޭބަލް ކައިރީ ފާރުގައި ހަރުކޮށްފައި ހުރި ބޮކި ވެސް ދިއްލާލިއެވެ. ކުޑައިރުއްސުރެ އަރުފީނަކީ “އަނދިރިކަން” ދެކެ ނިކަން ބިރުގަންނަ ކުއްޖެކެވެ. ބޮޑުވެގެން އައިއިރު ވެސް އެ ބިރު އޭނާއަށް ކަނޑުވައެއް ނުލެވުނެވެ. އޭނާ އުޅޭތަނެއް ހުންނަން ޖެހޭނީ ލޯތަރަތަރަ ޖަހައިގެން ދާވަރަށް އަލިކޮށްފައެވެ. ފާރުގައި ހުރި ހުރިހާ ބޮތްކެއް ދިއްލީ އެހެންވެއެވެ.

“އަނެއްކާ ބޮޑު މަންމަ ކޭންޑްލް ލާދިންބާ؟” އެނބުރި އެނދުގައި އައިސް އިށީނުމާއިއެކު އަރުފީނު ގެންގުޅުނު ދަބަސްގަނޑު ނަގާ ހާވައިގަތެވެ.

“އޯ! ތޭންކް ގޯޑް” ހުދުކުލައިގެ ދިގުކޮށް އޮތް ދެއުއްބައްތި އަތުގައި ޖެހުމުން އަވަހަށް ނަގައި އެއަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. ފަސޭހައިން ފެންނަ ހިސާބަކަށް އެއެއްޗެހި ލުމަށް އަރުފީނު ވަށައިގެން ހޯދާލިއެވެ. އޭނާއަށް އެންމެ ކަމުދާ ތަނަކަށް ފެނުނީ އެނދުކައިރީ ހުރި ސައިޑްކަބަޑެވެ. އޭގެ ވަތްގަނޑު ހުޅުވާލުމާއިއެކު ދެއުއްބައްތި އޭގެތެރެއަށް ލުމާއިއެކު އެނދުގައި އޮށޯވެލީ ވަރަށް ހަމަޖެހިލައިގެންނެވެ. ބޯދަށަށް ދެއަތްވައްދާލައިގެން އެއްފައި މައްޗަށް އަނެއްފައި އަރުވާލައިގެން އެއްފައިތިލަ ތަޅުވާލަތަޅުވާލާ އޭނާ އޮތެވެ.

“ވަރަށް ފޮނިބައެއްކަންނޭނގެ މިގޭގައި އުޅެނީ، އަހަންނާއި ބައްޕަ އައިތަން ފެނުނީމަ ވެސް އަވަހަށް އުޅުނީ ފޮނުވާނުލެވިގެން، ބައްޕަ ވެސް ކީއްކުރަންތަ ބޯޓަށް އެދިޔައީ، މިކޮޓަރީގައި އަހަރުމެންނަށް ނިދޭނެހާ ތަން އެބައޮތްވިއްޔަ، އާސިޔައްތަ ކިހިނެއްބާ މިކަހަލަ މުއްސަނދި ބަޔަކާ ރައްޓެހިވީ، އެގޭގަ ހުންނަން ވެސް މާ ރަނގަޅުވާނެ މިގޭގައި ހުރުމަށްވުރެ، އަހަރެން އުޅެން ޖެހޭނެ ގޮތް ވެސް ނޭނގެ، ޝާރުދާއަށް އަނެއްކާ މެޑަމް ކިޔައިގެންބާ އުޅެން ޖެހޭނީ، ވަރަށް ފޫހިވޭ، ދަރިން ނުލިބޭ މީހެއްކަންނޭނގެ…. އެހެންވެގެން ކަންނޭނގެ މިގޭގައި ކިޔަވަން ކުދިން ބައިތިއްބަނީ، ނޫނީ މުއްސަނދިވީމަ ހުރިހާ ކުދިން އުޅެނީ ބޭރުގައި ކަމަށް ވެސް ވެދާނެ… މިގެއިން މިފެންނަނީ ހުވަފެނުން ވެސް އަހަރެން ނުދެކޭހާ މުއްސަނދިކަމެއްވިއްޔާ، އަހަރެންގެ ބައްޕައަކީ ވެސް ރަށުގައި ހުރި ބޮޑުމުއްސަންޖެއް އެކަމަކު މި މީހުން ފެނިފައި އެނގޭ އަދި ބައްޕައަކީ މުއްސަންޖޭ  ބުނާ ވަރު މީހެއް ނޫންކަން، މި މީހުންނާ އަހަރުމެންނާ އަދި ކައިރި ވެސް ނުކުރެވޭނެ، ނަސީބެއްކަންނޭނގެ މިހާ މުއްސަނދި ނޫންކަން އަހަރެން، ފަރަހަ ވެސް ބުނޭ ފައިސާ ގިނަވި ވަރަކަށް ތިމާއަށް ތިމާގެ ފެންވަރު އޮޅޭނެއޭ، ބޮޑާކަމާއި ކިބުރުވެރިކަން ފަދަ ނުބައި އާދަތަކުގެ ޝިކާރައަކަށް ތިމާ ވެގެން ހިނގައިދާނެއޭ… ފޫހި ފޮނި ބައެއް އުޅޭ ގެއެއްކަން ޔަގީން، އެކަމަކު އެއީ ކޮން ދެ ފިރިހެން ކުދިންނެއްބާ؟ އެއީ ވެސް މިގޭގައި ކިޔަވަން ތިބޭ ކުދިންބާ؟ ވަރަށް ޝާހީކޮށް ތިބީ، އަނެއްކާ މިގޭގައި އުޅެންޖެހެނީ އެހެންބާ؟ ވަކިގޮތަކަށް ހެދުން އަޅައިގެންތަ؟، އަހަންނަކަށް ނުވާނެ، ކިހިނެއްތަ ބޮޑު ހެދުންގަނޑެއް ލައިގެން އުޅޭނީ… އަންހެން ކުދިން ގޮތަށް ތުއިވެތުއިވެފައި މަށަކަށް ނޫޅެވޭނެ” ހަޤީޤަތް ނޭނގުނެއްކަމަކު އަރުފީނު ތަފާތު ގޮތްގޮތަކަށް ގޭގެ މީހުންނާއި އެމީހުންގެ ހާލަތު ތަދުބީރުކުރަމުން ދިޔައެވެ.

* * * *

“މަލީކު، އަހަރުމެންގެ އިޒްވާނު އެކުއްޖާއާ ގުޅެން ހަމަ އެއްބަސްވާންވީތަ؟ އެހެރީ އޭނާ ހުރިގޮތް، އަނެއްކާ މުސްލިމެއް ވެސް ނޫނޯ” ޝެރީލްގެ ކޮޓަރިއަށް އޭނާ ލާފައި ޝާރުދާ އެނބުރި ކޮޓަރިއަށް އައިސް ވަންއިރު ހެއްލާގޮނޑީގައި ފިކުރެއްގައި އިން މަލީކު ފެނި ބުނެލިއެވެ.

“ނޫނެކޭ ބުނާކަށް ބޭނުމެއްނޫން، އިޒްވާންއަކީ ގޯސް ކުއްޖެއްނޫން، އެކަމަކު އަހަރުމެން ވިސްނާގޮތަކަށް ނޫން އޭނާގެ ވިސްނުން ހުރީ، އެއީ އޭނާގެ މައްސަލައެއްނޫން، ހުޅަނގުގެ ތަހުޒީބަށް ލޯހުޅުވައިދިން ބަޔަކީ އަހަރުމެން، އޭނާ ބޮޑުވެ ތަޢުލީމީ ހަޔާތް ވޭތިއެކުރީ ތަފާތު ޖިންސުގެ އެކި ސަޤާފަތުގެ މަސްހުނިގަނޑެއްގެ ތެރޭގައި، މިހާރަކީ އިންސާނުންގެ މެދުގައި ފަރަގުކުރުން އޮންނަ ޒަމާނެއްނޫން، އެންމެން ވެސް ހަމަހަމަ… ދެން އަހަރެން ކިހިނެއް އެކުއްޖާއަށް ވިސްނައިދޭނީ، ހިތަށް އަރާ އަހަރެންގެ އިޒުވާންގެ ސަބަބުން ޝެރީލްއަށް އިސްލާމްދީނުގެ ރަޙުމަތްލައްވާނެނަމައޭ” ގޮނޑީގެ ހެއްލުން ހުއްޓާލަމުން މަލީކު ބުންޏެވެ.

“އެކަމަކު ތިކަން ވާނެ ހެނެއް ހިޔެއްނުވޭ، ޝެރީލްގެ ޢާއިލާއަކީ ކުޑަ ޢާއިލާއެއް ނޫން، އަނެއްކާ ޝެރީލްއަކީ އެންމެ ހަގުކުއްޖާ، ހަދިޔާއޭ ބުންޏަކަސް އެބަހުރި އެއްޗެހި ފަށެއް ގަނެލާފައި، މިގޭ ގެންގުޅޭ މީހުނަށްދަންދެން އެއްޗެހި އެބަހުރި ގެނެސްފައި، ހުސް ވެސް އިޒްވާނުގެ ޢާއިލާގެ މީހުންނަށް ޝެރީލްގެ ޢާއިލާގެ ފަރާތުން ފޮނުވާފައި ހުރި އެއްޗެހިކަމަށް އޭނާ ބުނީ، އެ ދެކުދިންގެ އެންގޭޖްމެންޓު ރާއްޖޭގައި ބާއްވަން ބޭނުންވިޔަސް، ކައިވެނި ކުރުމުގެ ހަފްލާ ބާއްވަން ޝެރީލްގެ ޢާއިލާއިން ބޭނުންވަނީ ލަންޑަނުގައި ކަމަށް ވެސް ޝެރީލް ބުނި، އެތާނގައި އެހުންނަ ނަޞާރާއިން ބޭނުންކުރާ ފައްޅިތަކުން ފައްޅިއެއްގައި ނޫން ކަމެއް ވެސް ނޭނގޭ އެމީހުން އެބުނަނީ ކައިވެނި ހަފްލާ ބާއްވަން، އެހެންނަމަ، އެކަމާ އަހަންނަށް އެއްގޮތަކަށް ވެސް ޤަބޫލެއް ނުވެވޭނެ….” ޝާރުދާ އިތުރަށް ކަންބޮޑުވުން ފާޅުކުރިއެވެ.

“އަހަންނަށް ފެންނަނީ އިޒްވާންއާ ވާހަކަދައްކަން، ކަންކަން ރޭވިފައި އޮތްގޮތް ރަނގަޅަށް އޮޅުން ފިލާނީ އޭރުން، ރާއްޖޭގެ ކޮންމެ ރިސޯޓެއްގައި ވެސް އަހަރެން އެކުދިންގެ ކައިވެނި ހަފްލާ ބާއްވާފައި ދީފާނަން، ލަންޑަނަށްވުރެ އަހަރުމެންގެ ޤުދުރަތީ ރަށްތަކުގެ ހިތްގައިމުކަން ވަކި ފަނޑެއްނުވާނެ، އަހަރެން އިޒްވާންއާ ވާހަކަދައްކާނަން، ޝާރުދާ މާބޮޑަށް ކަންބޮޑުނުވޭ، އަހަރެން ބޭނުމެއްނޫން މިކަމަކާ ހުރެ ޝާރުދާގެ ލޭމައްޗަށް ދާކަށް، މިހާރު ވެސް ޑޮކްޓަރު ވިދާޅުވެފައިވަނީ ބަލައިގެން އުޅުމަށް” މަޑުމައިތިރި ރާގެއްގައި މަލީކު ބުންޏެވެ.

“އާން! އަހަރެން ވެސް ކަންކަމާ އެހާ ބޮޑަށް ފިކުރުނުކޮށް ވޭތޯ މިބަލަނީ، އެކަމަކު މިކަމުގެ ސަބަބުން ރުހައިލްއަށް ނޭދެވޭ އަސަރެއްކޮށްފާނެތީ ހިތްބިރުގަންނަނީ، މަލީކު، މާދަމާ އިޒްވާންއާ ވާހަކަދައްކަން މަޑުކުރޭ، މިރޭ އޭނާ ވެސް ހުންނާނީ ވަރަށް ވަރުބަލިވެ ކަމަކާ މަޝްވަރާކުރަން ބޭނުންވާ ފަދަ ގޮތަކަށް ނޫން، އެހެން ބުނީމަ މި ހަނދާންވީ، އެއްކަހަލަ އާސިޔާ ބުންޏެއްނު ކިޔަވާ ކުއްޖެއް ގެންނަ ވާހަކަ، އެކުއްޖާ މިރޭ އަތުވެއްޖެ، ތި ދެބަފައިން ނައިސްގެން ހާސްވެފައި ހުއްޓާ އެމީހުން އައީ، މާގިނަ ވާހަކައެއް ނުދެއްކުނު، ރަނގަޅަށް މެހެމާންދާރީ ވެސް އަދާނުކުރެވުނު، އަޖައިބެއްކަހަލަ ކުއްޖެއް، މަލީކަށް ވެސް ފެނުނީމަ އެނގޭނެ، އޭނާގެ ބައްޕަ މާދަމާ ހެނދުނު އަންނާނަމޭ ބުނި، އަހަރެން ބޭނުންވަނީ މަލީކު ވެސް އިނދެގެން އޭނާއާ ވާހަކަދައްކަން، ހީވަނީ ވަރަށް ރަނގަޅު މީހެއްހެން… ދަރިފުޅު އަހަރުމެންނާ ހަވާލުކުރަން ހަޤީޤަތުގައި ބޭނުންވާހެނެއް ހިޔެއްނުވޭ، އެހެންވެ އެނގޭ އެކުއްޖާދެކެ އޭނާ ވަރަށް ލޯބިވާކަން” ޝާރުދާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިތަން ފެނުނެވެ.

“މީހެއްގެ ދަރިއަކާ ހަވާލުވާންވާނީ ވަރަށް ވިސްނާފައެއްނު، އަހަރުމެންގެ ދަރިންދެކެ ލޯބިވާގޮތަށް އެހެންމީހުން ވެސް އެމީހުންގެ ދަރިންދެކެ ލޯބިވާނެ އެއްނު، އަހަންނަށް ހަނދާންކޮށްލަ ދޭތި… އޭރުން އޮފީހުގައި ހުރެފައި ވެސް އަހަރެން އަންނާނަން އޭނާއާ ބައްދަލުކުރަން، މިރޭ ނިދުމުގެ ކުރިން ޝާރުދާ ވާނެ އެކުއްޖާއަށް އެއްވެސް ކަމެއް ބޭނުންވޭތޯ ބަލަން، ނޫނީ ވަރުޝާ ގާތު ބުނެލާތި، އަހަރެން ދެން މިދަނީ ފާޚާނާއަށް ވަދެލާފައި ނަމާދަށް ދާން” މަލީކު ގޮނޑިން ތެދުވިއެވެ.

“ތި ދާއިރު ރުހައިލް އާއި ފަޒަލް ގޮވައިގެން ދައްޗޭ، ކުޅުމާ ސަކަރާތުގައި މިއޮއްބޮޑު ބަންދު އެކުދިން އެދުއްވާލީ” ޝާރުދާ ބުނެލިއެވެ.

ސިޑިން ފައިބައިގެން ދަމުން މަލީކު އައިސް ރުހައިލްގެ ކޮޓަރީގައި ޓަކިޖެހިއެވެ. އެއްވެސް ހިލަމެއް ނުވުމުން މަލީކު ދޮރުހުޅުވާލިއެވެ. އެއާއެކު އެކޮޓަރީގައި ދެކުދިން ގޭމްކުޅެމުން ދިޔަ އަޑުފަށްގަނޑުން ކަންފަތް ބައްވިކަހަލައެވެ.

“ރުހެއިލް… ރުހެއިލް… ދަރިފުޅާ…” ކަންފަތަށް އުނދަގޫވެފައި ވެފައި ހުރި މަލީކު އޭނާގެ ދަރިފުޅަށް ގޮވާލިއެވެ. ނަމަވެސް އޭނާގެ އަޑު ރުހައިލްއާ ހަމައަށް ފޯރުމުގެ ކުރިން ހިނދިގެން ދިޔައީ ގޭމުގެ ބަޑިޖަހާއަޑުފަށްގަނޑުންނެވެ. އެކަން އެނގި ކޮޓަރިތެރެއަށް ވަން މަލީކު އައިސް ރުހައިލުގެ ގާތުގައި ފަހަތުން ހުއްޓިލަމުން އެ ކުއްޖާގެ ކޮނޑުގައި މަޑުމަޑުން ޖަހާލިއެވެ. މަލީކުގެ މޫނު ފެނުމާއިއެކު ސިއްސައިގެން ދިޔަ ރުހައިލު ފުންމައިގެން ތެދުވަން އުޅުމުގެ ތެރޭ އަތުގައި އޮތް ޖޮއިސްޓިކުގެ ވާގަނޑަށް ވާންވެ އޭތި އަތުން ދޫވެގެން ވެއްޓުނެވެ. ރުހައިލުގެ ހަރަކާތާއިއެކު ފަޒަލް ވެސް ހުރީ ފުންމައިގެން ތެދުވެ ކޮޅަށެވެ. އޭރު ރުހައިލު ޓީވީ ރިމޯޓު ހޯދަން ފެށިއެވެ. އިށީނދެ އިން ބީން ބޭގުގެ އެއްފަރާތުގައި ފޮރުވިފައި އޮތް ރިމޯޓު ރުހައިލަށް ފެނުނީ އިރުކޮޅަކު މަލީކު ހުއްޓިލައިގެން ހުރި ފަހުންނެވެ.

“ސޮރީ ބައްޕާ” ޓީވީގެ އަޑުމަޑުކޮށްލުމާއިއެކު ރުހައިލު ބުނެލިއެވެ.

“ބައްޕަ އާއިއެކު ނަމާދަށް ދާން އަންނަންވީނު، ފަޒަލް ވެސް އާދޭ” ހިތްހަމަނުޖެހިގެން މަލީކު ހަޅޭލަވައި ގަތުމުގެ ބަދަލުގައި ދަރިފުޅާއި ވާހަކަދެއްކީ މަޑުމައިތިރިކަމާއެކުއެވެ. ރުހައިލް އާއި ފަޒަލް ބޯޖަހާލުމާއިއެކު އަވަސްވެގަތީ މަލީކުގެ ފަހަތުން ދިއުމަށެވެ.

ރޭގަނޑުގެ ކެއުމުގައި ވެސް މެހެނާޒު ބައިވެރިވިއެވެ. އޭނާ ގެއަށް ދާން ބޭނުންނުވާ ކަހަލައެވެ. އިރުއިރުކޮޅާ އޭނާގެ ފަޒަލްއަށް އިޒްވާނަށް ލެއްވި ފަދަ ނަސީބެއް ލައްވާނެނަމޭ ހިތާހިތުން ބުނެލައެވެ. ގޯތީގެ ހާމަފެންޑާގައި ހުރި އުނދޯއްޔެއްގައި ޝާރުދާ ވައްޖައްސާލުމަށް އިންއިރު އޭނާގެ ގާތުގައި މެހެނާޒު ވެސް އިނެވެ. ޝެރީލްގެ ފަރާތުން އޭނާ ވަނީ ވަރަށް ގިނަ ކަންކަން އޮޅުން ފިލުވާފައެވެ. އެހެންވެ އެ ވާހަކަތައް ކިޔައިދިނުމުގައި މެހެނާޒު އިނެވެ.

“އަހަރުމެންގެ ގޭގެ ދެ ގެއަށް ވުރެ ވެސް ޝެރީލްމެންގެ ގެ ބޮޑޯ، ވިހި ނޯކަރުން އެގޭގައި އެމީހުންގެ ހިދުމަތުގައި ތިބޭއޭ ވެސް ބުނި، ގޭގެ ކުދިންގެ ކަންކަން ބެލެހެއްޓުމަށް ބަޓްލާއެއް ހުންނައިރު، މައިންބަފައިންގެ ކަންކަން ބެލެހެއްޓުމަށް ވަކިން ޚާއްޞަ ބަޓްލާއެއް ހުރޭ…. ބޮޑު ޕޫލްއަކާއި އައުޓްޑޯ އެކްޓިވީޓީސްއަށް ތައްޔާރުކޮށްގައި އޮތް ހުސްތަން ގެއާއިއެކު ހުރޭ، ސިސް… އަހަރެން ހިތަށް އަރާ މިގޭގައި ވެސް ޕޫލްއެއް ހަދަންވީއޭ” ދުނިޔޭގެ ދަހިވެތިކަމަށް ފެންބޮވައިގަނެފައި އިން މީހެކޭ މެހެނާޒެކޭ ތަފާތެއްނެތެވެ. ނަމަވެސް ޝާރުދާގެ ސިކުނޑީގައި ޖަހަމުންދިޔައީ މުޅިން ތަފާތު އޮއެވަރެކެވެ. އޭނާ މެހެނާޒުގެ ވާހަކައާ ބައިވެރިވާކަށް ގަސްދެއްނުކުރިއެވެ.

“ޝުއައިބްގެ ޚަބަރެއްނުވޭތަ؟” މެހެނާޒުގެ ވާހަކަ މެދުކަނޑާލަމުން ޝާރުދާ އަހާލިއެވެ.

“އާން! އެކޮޅަށް ދިޔަ ފަހުން އަދި އެންމެ ދެފަހަރު ގުޅީ، އަހަރެން ގުޅާލިޔަސް ހުންނާނީ ބިޒީކަމުން ނޭވާ ވެސް ނުލެވިފައި” ކުއްލިއަކަށް މެހެނާޒުގެ މޫނުމަތިން ފޫހިކަން ފެނިގެން ދިޔައެވެ.

“މެހެނާޒު ގުޅަނީ އޭނާ އެންމެ ބިޒީވާ ވަގުތު، އެހެންވީމަ އެހެންނު ބުނެވޭނީ، އަދި މިހެން އިނދެވޭކަށް ވެސް ނެތޭ، މިހާރު އެއޮތްގެން އެގާރަޖަހަނީ، މިއަދު އައި ކުއްޖާގެ ޚަބަރެއް ބަލާލަން މަލީކުވަނީ އެދިފައި، އޭނާގެ އޮފީސް ހެދުން ވެސް ތައްޔާރުކުރަން ޖެހޭނެ” ޝާރުދާ މަޑުމަޑުން އުނދޯލިން ތެދުވިއެވެ.

“ޝުއައިބް ނެތީމަ ގެއަށް ވަންނަ ހިތެއް ވެސް ނުވޭ” ކަޅުކުލައިގައި ފަތުރާލާފައި އޮތް ދޫލައެއްފަދަ އަނދިރިކަމުގެ ތެރެއަށް ނަޒަރު ދޫކޮށްލަމުން މެހެނާޒު ބުންޏެވެ. އެއާއެކު ކުރިއަށް ދާން އުޅުނު ޝާރުދާ ހުއްޓުނެވެ.

“އެހެންވީރު މިގޭގައި މެހެނާޒު ނިދަންވީނު، ވަރުޝާ ގާތު ބުނަންތަ ކޮޓަރި ތައްޔާރުކޮށްދޭން” ޝާރުދާ ބުނެލިއެވެ.

“ނޫން، އަހަންނަށް ނިދޭނީ ހަމަ އަހަރެންގެ ކޮޓަރީގައި، އެހެންވީމަ ގެއަށް ދާނީ” މެހެނާޒު މިހެން ބުނެ ތެދުވިއެވެ. ޝާރުދާ އިތުރަށް އެއްޗެއް ބުނާކަށް ބޭނުމެއްނުވިއެވެ. އެހެންވެ އޭނާ ވެސް ހާމަފެންޑާގެ ހިޔާކޮށްފައި އޮތްބައިގެ ތެރެއަށް ވަދެގެން އައިސް ލިފްޓަށް އެރިއެވެ.

* * * *

ނިދޭތޯ އެނދުގައި އޮށޯވެލައިގެން އޮތެއްކަމަކު އަރުފީނުގެ ނަޒަރު ހުއްޓިފައި ވަނީ އޭނާގެ އަތުގައި އޮތް ޖާސޫސީ ވާހަކަފޮތުގެ ތެރެއަށެވެ. އެސްފިޔަޖަހާލުމެއްނެތި ބަލަމުން ދިޔައިރު ހީވަނީ ދެންމެދެންމެ ފޮތުގެތެރެއަށް ވަދެދާނެހެނެވެ. ނަމަވެސް އޭނާގެ ސަމާލުކަން އަތުލީ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖެހުމުންނެވެ. ލޯ ހިމަކޮށްލަމުން ދޮރާ ދިމާލަށް ވެސް ބަލާލީ ޖާސޫސީ ގޮތަކަށެވެ. މަޑުމަޑުން އެނދުން ފައިބައިގެން ސިއްރުފިޔަވަޅުތަކެއް ކައިރިކައިރީގައި އަޅަމުން ދޮރާ ދިމާލަށް އަރުފީނު އަންނަނިކޮށް ކުއްލިއަކަށް ހުޅުވުނު ދޮރުން ޝާރުދާ ފާޅުވެގެންދިޔައެވެ. ސިހިފައި މޭގައި ޖައްސާލައިގެން އޮތް ވާހަކަފޮތް އަތުކޮށްޅަށް ހޫރާލެވުމާއިއެކު އަރުފީނަށް ހަޅޭލަވައިގަނެވުނެވެ.

“އަރުފީން… އަހަންނޭ މީ، ޝާރުދާ” ކޮޓަރީގައި ހުރިއްޔާ ހުރި ބޮތްކެއް ދިއްލައިގެން ހުރި އިރު ވެސް އަރުފީން ސިއްސައިގެން ދިޔަވަރު ފެނިފައި ޝާރުދާ ހައިރާންވިއެވެ.

“ސޮރީ، އަޅުގަނޑަށް ދޮރު ތަޅު ނުލެވި ހުރީ” ހާސްވެފައި އަރުފީނަށް ބުނެވުނެވެ. އޭރު ޝާރުދާ އެތެރެއަށް ވަދެ ދޮރުލައްޕާލައިފިއެވެ. އަދި ކޮޓަރީގެ އެއްފަރާތު ފާރު ކައިރިއަށް ވެއްޓިފައި އޮތް ވާހަކަ ފޮތް ނަގައިން އައިސް އަރުފީނުގެ އަތަށް ދިއްކޮށްލިއެވެ.

“އާން! ނިދާގަޑީގައި ދޮރު ތަޅުލަން ހަނދާން ކުރަންވާނެ، މިގޭގައި އުޅޭ އެންމެނަށް އިތުބާރުކުރާކަށް ނުވާނެ… އެކަމަކު މިހެން ބުންޏަށް އަރުފީނު ކަންބޮޑުވާކަށް ނުޖެހޭނެ، އަހަރެން އަބަދުހެން އުޅެނީ ގޭގައި، މި ގޭގައި އަހަރެންގެ ފިރިމީހާ މަލީކުގެ އިތުރުން ދެން އުޅޭނީ އަހަރެންގެ ދެ ކުދިން، ރުހައިލް އާއި އިޒްވާން، ބޭރުގައި ހުރެފައި މިރޭ އިޒްވާން އެ އައީ، އެކަމާ އުޅެން ހަދައިގެން އަހަންނަށް އަރުފީނާ ވާހަކަދައްކާލާނޭ ފުރުޞަތެއް ނުލިބުނު، އެކަމަކު ނިދަން ދިއުމުގެ ކުރިން އަރުފީނުގެ ހާލު ބަލާލާފައި ދާން ވެގެން މިއައީ، އެއްވެސް ކަމެއް ބޭނުންތަ؟ ކޮޓަރި ރަނގަޅުތަ؟” ޝާރުދާ ވާހަކަދެއްކީ ހިތްހެޔޮކަމާއެކުއެވެ. އޭނާގެ ވާހަކަތަކަށް އަރުފީނަށް ދޭނެ ޖަވާބެއް ނެތް ކަހަލަ ގޮތަކަށް މަޑުމަޑުން ބޯޖަހާލީ އާނއެކޭ ބުނާ ފަދަ ގޮތަކަށެވެ.

“އަރުފީނު އެއްވެސް ކަމެއް ބޭނުންވެއްޖެއްޔާ ވަރުޝާ ގާތު ބުނޭ، މިގޭގެ މަސައްކަތްތައް ކުރާނެ މީހުން ތިބޭނެ، އަރުފީނަކަށް ނުޖެހޭނެ އެއްވެސް ކަމެއް ކުރާކަށް، އާސިޔާ ބުނި އަރުފީނަކީ ވަރަށް މޮޅު ކުއްޖެއްކަމަށް، އެހެންވީމަ އަހަރެން ވެސް ބޭނުން މިގޭގައި ހުރެ އަރުފީނުގެ ކިޔެވުމަށް ހުރަސް އެޅޭނޭ ފަދަ ކަމެއް ކުރިމަތިވިޔަ ނުދޭން، އަނެއްކާ އަރުފީނުގެ ބައްޕަމެން ވަރަށް އިތުބާރުކޮށްފައި މިގޭގައި އަރުފީނު ބަހައްޓާފައި އެ ދިޔައީ، އަރުފީނަށް ދަތިވާ އިތުރުކަމެއް އޮތިއްޔާ އަހަރެން ގާތު ބުނޭ، މިގޭގައި ހުރި އެއްޗެހި އަރުފީނަށް ބޭނުންކުރެވޭނެ އެކަމަކު ކޮޓަރިތަކަށް ވަނުމަކީ އަހަރެން ހިތްހަމަޖެހޭ ގޮތެއްނޫން، ދެން ރޭގަނޑު އެގާރައިގެ ފަހުން ބޭރަށް ނިކުމެގެން ނުވާނެ، ދުވާލު ގަޑީގައި ވެސް ތަންތަނަށް އެކަންޏެއް ނުދެވޭނެ، މިގޭ ކާރުގައި އަރުފީނު ބޭނުން ކޮންމެ ތަނަކަށް ގެންގޮސްދޭނަން އެހެންވީމަ އެއްވެސް ތަނަކަށް ނުދެވިފައި ހުންނާކަށް ނުޖެހޭނެ، އަހަރެން އުންމީދުކުރަން އަރުފީނު ދެކެ އަހަރެން ރުޅިއަންނަން ޖެހޭ ވަރު ކަމެއް ނުކުރާނެކަމަށް… ދެން އެހާ ގިނައިރު ފޮތް ކިޔަން ނޯވެ ނިދާލާ، އޭރުން ފަތިހުން ހޭލެވޭނީ، އަވަހަށް ނިދާފައި އަވަހަށް ހޭލަން އާދަކުރަންވާނެ” އަރުފީނު ހީކުރި ފަދަ ޒީލަގަދަކަމެއް ޝާރުދާގެ ފަރާތަކުން ނުފެނުނެވެ. ބީރައްޓެހިވެފައި އިން އަރުފީނު ޝާރުދާގެ ވާހަކަތަކަށް ބޯޖަހަމުން ދިޔައެވެ.

ޝާރުދާ ނިކުމެގެން ދިއުމުން އަރުފީނު ދޮރުތަޅުލާފައި އައިސް ދެފައިވަށްކޮށްލައިގެން އެނދުމަތީ އިށީނދެ ކޮންމެވެސް ފިކުރެއްގައި އިނެވެ. އެހެން އިންއިރު ދޭތެރެއަކުން ކޮޓަރީގެ ދޮރާ ދިމާއަށް ބަލާލައެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނު ޙައިދަރު ބުނި ފަދައިން ޝާރުދާއާ ބައްދަލުކުރަން އައެވެ. ފުރަތަމަ ބައްދަލުވުން އެންމެ އެދެވޭ ގޮތަށް ނުދިޔަ ނަމަވެސް ދެވަނަ ފަހަރަށް ޙައިދަރަށް ޝާރުދާގެ ފަރާތުން ހޫނު މަރުޙަބާއެއް ކިޔެވެ. އަދި ޝާރުދާ އާއި މަލީކުއާ ދެމީހުންނާ ބައްދަލުވީތީ ޙައިދަރު ވަރަށް ހިތްހަމަޖެހުނެވެ. އިތުރު ފިނިކަމެއް ޝާރުދާގެ ހަރުދަނާ އުސޫލުތަށް އިވިފައި ޙައިދަރަށް ލިބިގެން ދިޔައެވެ. ދަރިފުޅުގެ މައްޗަށް ރައްކާތެރިވާނޭ ބަޔަކުކަމުގައި ޝާރުދާމެން ވާނޭކަން ޙައިދަރަށް ޤަބޫލުކުރަން ފަސޭހަވިއެވެ. އަރުފީނާއި އެންމެ ފަހު ފަހަރަށް ބައްދަލުކޮށްލާފައި ޙައިދަރު ވަކިވީ ދަރިފުޅަށް ވަރަށް ގިނައި ގުޅާނަން ކަމުގައި ބުނަމުންނެވެ. އަދި ބޮޑު ޗުއްޓީއެއް ލިބިއްޖެނަމަ އެނބުރި ރަށަށް ގެންދާނަން ކަމުގައި ބުނަމުންނެވެ. އެހެންވީމަ ޝާރުދާމެންގޭގައި ހުންނަ ދުވަސްތަކުގައި ރަނގަޅަށް ކިޔެވުމަށް ޙައިދަރު އެދުނެވެ. ޝާރުދާގެ އިތުރުން މަލީކު ވެސް ހިތްހަމަޖެހޭ މީހެއް ކަމުގައި ޙައިދަރު ވިއެވެ. އެގެއަކީ އާންމުކޮށް ކުދިން ބަހައްޓާ ގެއަކަށް ނުވިޔަސް އާސިޔާގެ ރަޙުމަތްތެރިކަމުގައި އަރުފީނު އެގޭގައި ބަހައްޓައިދޭން އެއްބަސްވީކަމުގައި ޝާރުދާ، ޙައިދަރަށް ބުނެދިނެވެ. އެކަމާ ޙައިދަރު ޝުކުރުވެރިވިއެވެ. އަރުފީނު ހުންނަ ގޮތުން މަލީކަށް ވެސް ލިބުނު ހައިރާންކަން ކުޑައެއްނުވިއެވެ.

* * * *

އަރުފީން ކުރިއަށް ދާން ބޭނުންވި ދާއިރާއިން ކޯސް ހަމަޖެހުނީ ކިޔެވުން ފެށުނުތާ އެއްމަސް ފަހުންނެވެ. އެއީ ވެސް ކޯހުގައި ހުސްޖާގަ އޮތުމުން ލިބިގެން ދިޔަ ފުރުޞަތެކެވެ. އަރުފީނުގެ ކޯސް ވެސް ޝާރުދާމެން ހަމަޖެއްސީ ރުހައިލް އާއި ފަޒަލް ކިޔަވަންދާ ޔިނިވަރސިޓީ އިންނެވެ. ހެނދުނު ތިން ކުދިން ވެސް ގެއިން ނިކުންނަނީ އެކުގައެވެ. އަދި އެނބުރި އަންނަނީ އެކުގައެވެ.

ޝާރުދާއަށް އެ ގޭތެރޭގައި އަންހެން ކުއްޖަކު އުޅޭކަމުގެ ހިލަމެއް ނުވެއެވެ. އޭނާއަށް ގިނަ ފަހަރަށް ހީވަނީ ރުހައިލްމެންނަށް ވުރެ ހަގު ފިރިހެން ކުއްޖަކު ގޭގައި އުޅެނީ ހެންނެވެ. އަރުފީނުގެ ހަރަކާތްތައް ވެސް ހުންނަނީ އެގޮތަށެވެ. ރުހައިލް އާއި ފަޒަލްގެ ކަމަކީ އަރުފީނާ ދިމާކުރުމެވެ. ނޫނީ ކޮންމެވެސް ގޯނާއެއް ކޮށްލުމެވެ. އަރުފީނު ވެސް މަޑަކުން ނުހުރެއެވެ. ފިރިހެން ކުދިންނަށް ވަކި ދުލެއް ނުކުރެއެވެ. ފިރިހެން ކުދިންގެ ހުންނަ ހަލަނިގޮތްގަނޑު އަރުފީނުގެ ވެސް ހުރެއެވެ. ބައެއް ފަހަރު ގޭގެ ހަލަބޮލިކަމުން ޝާރުދާގެ ހިތްހަމަޖެހެއެވެ. އިޒްވާންގެ ސަބަބުން ލިބިފައިވާ ނުތަނަވަސްކަން ހިނދުކޮޅަކަށް ވިޔަސް ފިލައެވެ.

ޝެރީލް އައިސް އުޅުމަށްފަހު ދެހަފްތާ ފަހުން އޭނާ ފުރީ އެނބުރި އެންގޭޖުމެންޓު ކުރުމުގެ ހަފްލާއަށް އޭނާގެ ޢާއިލާއާއެކު އަންނާނެކަމުގައި ބުނަމުންނެވެ. އަދި ޝާރުދާމެންނަށް އެކަމަށް ތައްޔާރުވުމަށް ވަގުތު ދީފައެވެ. މަލީކުގެ ހުރިހާ ވަގުތެއްހެން މިހާރު ހުސްކޮށްލެވިފައި އޮތީ އެކަމަށެވެ. ދަރިފުޅާއިއެކު ރާއްޖޭގެ އެކިއެކި ރިސޯޓުތަކުގައި ދެބައިން މަޑުކުރަމުން ދިޔައިރު އިޒްވާންގެ ހިތްހަމަޖެހޭ ވަރުގެ މަންޒިލެއް ފެންނަގޮތެއް ނުވިއެވެ.

“ބައްޕާ، އަޅުގަނޑު ގަސްދެއް ނުކުރަން މާލޭގައި އުޅޭކަށް” ބީޗު ގޮނޑިއެއްގައި އިށީނދެލައިގެން އިނދެ ފިނިބުއިމެއް ބޮމުން ދިޔަ އިޒްވާން ބުނެލިއެވެ. އޭރު ޖެހިގެން އޮތް ގޮނޑީގައި މަލީކު އޭނާގެ އައިޕެޑުން އެއްޗެއް ބަލަމުން ދިޔައެވެ.

“ދަރިފުޅު ތިހިރީ ލަންޑަނުގެ ފެނަށް ދިރިފައި، ދެން މާލޭގެ މި ލޮނަށް ދަރިފުޅު ދިރުވަން އުޅުމަކީ ނުވާނެކަމެއްކަން މާކުރިން ވެސް ބައްޕައަށް އެނގޭ” ކުޑަކޮށް ހީނލާފައި މަލީކު ބުނެލިއެވެ.

“ބައްޕަމެން ވެސް މިކޮޅުގައި ނޫޅެ އެކޮޅަށް ބަދަލުވާންވީނު، ގެ ވެސް ވަރަށް އަގުހެޔޮ، އަނެއްކާ ޝެރީލްގެ ދައްތައެއް ހުންނާނެ ރިއަލް އެސްޓޭޓް ކޮމްޕެނީއެއް ހިންގާ، އެ ކޮޅުން ބޮޑު ގެއެއް ގަތުން އުނދަގުލަކަށް ނުވާނެ” އިޒްވާން އޭނާގެ ޚިޔާލު ހުށަހެޅިއެވެ. ހަޤީޤަތުގައި މައިންބަފައިންނާ ވަކިން ހުންނާކަށް އޭނާ ވެސް ބޭނުމެއްނޫނެވެ. އެހެންވެ ބޭނުންވަނީ އޭނާ އެނބުރި ލަންޑަނަށް ދާއިރު އެމީހުން ވެސް ގޮވައިގެން ދާށެވެ.

“މިކޮޅުގެ ވިޔާފާރިތައް ހުއްޓުމަކަށް އޭރުން އަންނާނެ، އެހެންނޫނަސް މީހެއްގެ އަތަށް ދޫކޮށްލާކަށް ބޭނުމެއްނޫން، މީ ދަރިފުޅުގެ ކާފަ ފެއްޓެވި ވިޔަފާރިއެއް، ޢާއިލީ ތަރިކައެއް، މިއަދު ބައްޕަ ލޯމަރާލިޔަސް ބައްޕަ ބޭނުން މި ވިޔަފާރި ކުރިއަށްގެންދާނޭ ކުއްޖަކު، ތެދަށް ބުނަންޏާ މަންމަ އެހާ ގަޔާވާކަމެއް ނޫން އެއީ ރާއްޖޭން ބޭރުގައި ދިރިއުޅުމަކީ… ދެން އެ ވާހަކަ ބާއްވާ، ދަރިފުޅު ބޭނުންވާ ގޮތަކަށް ބައްޕަމެން ހުރަހައެއް ނާޅަން، މީހަކާ އިންނަން އުޅޭނީ ތިމާއެކަމަށް ތައްޔާރުކަން އެނގުނީމަ، ބައްޕަގެ ވާހަކައަކީ ދަރިފުޅަށް ބައްޕަމެން ދިން ތަރުބިއްޔަތުގެ މަތިން ހަނދާންނައްތާ ނުލައްޗޭ، އަމިއްލާ ދީނާ، ވަޒަން ދުވަހަކު ވެސް ހިތުން ފޮހެނުލައްޗޭ، ޝެރީލްއަށް ވެސް ހެޔޮ ގޮތް ވިސްނައިދޭން މަސައްކަތް ކުރާނެކަމަށް ވެސް ހީކުރަން، ދަރިފުޅަކީ ފިރިހެން ކުއްޖަކަށް ވީއިރު ފިރިމީހާއަކީ އަނބިމީހާއަށް ރަނގަޅު ހެޔޮ މަގު ދައްކައިދޭން އެންމެ ގާތުގައި ހުންނާނެ މީހަކީ، އެހެންވީމަ ޝެރީލް ނުބައި ޢަމަލަކަށް އަރައިގަތުން ހުއްޓުވަން ހުންނާނީ ހަމަ ދަރިފުޅު، އެކަމާ ވިސްނައްޗޭ” މަލީކު ނަޞޭހަތްތެރިވިއެވެ.

“ބައްޕާ، އަމިއްލަ ފުށި ކިހިނެއްވާނީ އެކަހަލަ ބޮޑު ހަފުލާއެއް ބާއްވަން” މަލީކުގެ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ދިނުމެއްނެތި އިޒްވާނު ބުނެލިއެވެ. ދަރިފުޅަށް ބަލަން އިނދެފައި މަލީކު “ހޫން!” އެއް ލައްވާލިއެވެ.

ދަރިފުޅަށް ރަނގަޅު ގޮތް ވިސްނައިދޭން މަލީކު ކިތަންމެހާ ވެސް ބޭނުމެވެ. އެކަމަކު މިހާރު އެކަން ކުރެވޭނީ އެ ދަރިފުޅަށް މަޖުބޫރުކޮށްގެންކަން އޭނާއަށް އެނގެއެވެ. މަޖުބޫރުކުރާ ވަރަށްވުރެ އިޒްވާނު ހުރީ ބޮޑުވެފައެވެ. ރަނގަޅު އަޙްލާޤެއް ލިބިފައި ވިޔަސް އެ އަޙުލާޤޫ ފުރިހަމަނުވަނީ، އިޒުވާނުގެ ފަރާތުން ދީންވެރި ކުއްޖެއްގެ ސިފަތައް އެއްގޮތަކަށް ވެސް ނުފެންނާތީއެވެ. ދުނިޔެވީ ކަންކަމަށް މާބޮޑަށް ސަމާލުކަން ދެނީއެވެ.

“މާދަމާ ހެނދުނުން މާލެ ދާން ފުރަންވީ، ޝާހީމު ގާތު ބުނެގެން ބައްޕަ ރިސޯޓުގެ ކަންކަން ހަމަޖައްސާނަން، ޝުއައިބް ނެތީމަ ދެރައީ، ކުންފުނީގެ ފައިސާގައި ކަންކަން ނިންމާއިރު މި ވިޔަފާރިއަކީ ޢާއިލީ ޚިއްޞާގެ މައްޗަށް ފަށާފައި އޮތް ވިޔަފާރިއެއް… އެހެންވިޔަސް އެކަންކަމާ ދަރިފުޅު ވިސްނާނެކަމެއްނެތް، މާލެ ދެވުމުން ބައްޕަ ގުޅާނަން ޝުއައިބަށް” މަލީކު މިހެން ބުނެލުމަށްފަހު ތެދުވިއެވެ. އެއާއެކު ހިނިތުންވެލައިގެން ހުރި އިޒުވާނު ވެސް ތެދުވެ މަލީކުއާއެކު ހިނގައިގަތެވެ.

* * * *

“މަންމާ، އަހަރުމެންނާއެކު ކީއްކުރަންތަ އޭނާ ފޮނުވަނީ، ފާރޫޤު ގާތު ބުނެބަލަ އޭނާ ކުރިން ގެންގޮސްފައި އަހަރުމެން ބަލާ އައުމަށް” ކޮނޑުގައި އަޅުވާލާފައި އޮތް ލެޕްޓޮޕު ދަބަސް ހެޔޮވަރުކޮށްލަމުން ރުހައިލު އޭނާގެ މަންމައާ ވާހަކަދެއްކިއެވެ.

“ކާކު؟ އަރުފީންތަ؟” ޝާރުދާ އަހާލިއެވެ.

“ދެން އެހެން ކާކު؟” ރުހައިލު ހީވަނީ ހިތްހަމަނުޖެހިފައި ހުރި ހެނެވެ.

“ހުރިހާ ކުދިން ވެސް ތިދަނީ އެއްތަނަކަށް ކިޔަވަން، އެހެންވީމަ އެކުގައި ދިއުމުން ކޮބާ މައްސަލައަކީ؟” ރުހައިލުގެ ވާހަކަތަކުގައި ފޮރުވިފައިވާކަމެއް ދެނެގަންނަން ޝާރުދާ ބޭނުންވިއެވެ.

“މަންމައަށް ވެސް އޭނާ ހުންނަގޮތެއް ފާހަގައެއް ނުކުރެވޭތަ؟ އަޅުގަނޑުގެ ރައްޓެހިކުދިން ވެސް ފާޑުފާޑުގެ އެއްޗެހި ކިޔާ، ހީވަނީ ފެންނުވަރާ އަންހެން، ބައެއް ފަހަރު ހީވޭ ގައިން ނުބައިވަސް ދުވާހެން ވެސް، އަނެއްކާ އުޅެނީ ފިރިހެން ކުއްޖެއްހެން، ކުރިން ދުވަހަކު ވެސް ޔުނިވަރސިޓީ ތެރޭގައި ފިރިހެން ކުއްޖަކު އެއްޗެއް ބުނެގެން ހީވީ އޭނާ ކާލަން އުޅުނުހެން، ލަދުން ބޯ ހަލާކު” ރުހައިލު ބުނަން ބޭނުންނުވިޔަސް ޝަކުވާކޮށްލެވުނެވެ.

“ރުހައިލު، ދެން މިއަދު ހުރިހާ ކުދިން އެކުގައި ގޮސްލާ، ތިހާ ކަންތައް ބޮޑުކުރާކަށް ނުވާނެ، އަރުފީން އުޅެނީ އަންހެން ކުއްޖަކު އުޅެންވާ ގޮތަށް ނޫނަސް އެއީ އަންހެން ކުއްޖެއް، ރުހައިލު އާއި ފަޒަލް ވާނެ އަރުފީނަށް ބަލަން، ތިޔައިގެ ދެ ކުދިންގެ ހާޟިރުގައި މީހަކު އަރުފީނަށް ގޯނާ ކުރާކަމުގައި ވަނީ ނަމަ އެކަން ވަގުތުން ހުއްޓުވަން ވާނެ، އިނގޭ…. ދެން ނުހުންނައްޗޭ ބަލަން، އެކަހަލަ ކަމެއްވަންޏާ އެކަމެއް ގޮސް ހުއްޓުވާނީ، އަރުފީނަށް ވެސް މާލޭގެ ކުދިންނާ ގުޅިގެން އުޅޭނޭ ގޮތް ކިޔައިދީ، އޭރުން އޭނާއަށް ވެސް އުޅެން އެނގޭނެ، ރުހައިލަކީ އެހެން ކުދިންނަށް ފާޑުކިޔާ ކުއްޖެއް ނޫނެއްނު، މަންމަ ބޭނުމެއްނޫން އެކަން ތަކުރާރުވާކަށް” ރުހައިލު ކަންކަމާމެދު ވިސްނަމުން ޝާރުދާ ވާހަކަދެއްކިއެވެ. ގޭގެ ގޭޓުން ރުހައިލު ނިކުމެ ދޮރުމަތީ އޮތް ކާރަށް އަރަންދެން ޝާރުދާ ބަލަން ހުއްޓެވެ.

ރުހައިލުގެ ސަބަބުން ފުރަތަމަ ފަހަރަށް ޝާރުދާއަށް އަރުފީނާމެދު ވިސްނާލަން މަޖުބޫރުވިއެވެ. ގައިން ނުބައިވަސް ދުވުމަކީ ކައިރީގައި އުޅޭ މީހުން އެ މީހަކު ދެކެ ފޫހިވާނެ ކަންކަމެވެ. ފެންނައިރު މީހާގެ ފަރާތުން ސާފުތާހިރުކަން ފެނުމަކީ ގިނަބައެއްގެ ތެރޭގައި އުޅެން ފަސޭހަވާނެ ކަމެއްކަން ޝާރުދާ ދަނެއެވެ. މިވީ ގޮތުން އަރުފީނާ ވާހަކަދައްކަން ޝާރުދާ ނިންމިއެވެ. މިވަގުތު އޭނާ ނޫނީ އަރުފީނަށް ރަނގަޅު ގޮތް ބުނެދޭނޭ އިތުރު މީހަކު ނެތެވެ. ވިސްނުމުގެ ތެރޭގައި ހުރި ޝާރުދާ ކުއްލިއަކަށް ސިހުނީ ގޯތިތެރޭގައި ހެދިފައި އޮތް ވިނަގަނޑުމަތީ ބާއްވާފައި އޮތް ސްޕްރިންކްލާރއިން ޕްރެޝަރުގައި އެރި ފެންތަކުގެ ޝިކާރައަކަށް އޭނާ ވުމުންނެވެ. މެދުކެނޑުމެއްނެތް ފެންއަރުވާ ވަޑައިމެއްހެން ވަށައިގެން ފެންއަރަމުން ދިޔައިރު ޝާރުދާއަށް ހުރެވުނީ އޭގެ ބުޑުގައެވެ. ހީވީ ކުއްލިއަކަށް ވާރޭ އޮއްސައިގަތީހެންނެވެ.

“ޖައުހަރީ!” އަޑުގެކޮޅަށް ޝާރުދާ ހަޅޭލަވައިގަތެވެ.

“ލައްބަ ދައްތާ!” ދުވަމުން ކަހަލަ ގޮތަކަށް ޖައުހައިރީ އައިސް ޕޯޓިކޯއަށް ނިކުމެވުނުއިރު އެ ދިމާއަށް ޝާރުދާ ވެސް ދުވެފައި ކަހަލަ ގޮތަކަށް އަންނަނީއެވެ.

“މިއަދު މާ ހެދުނަކާ ފެންދޭއެތި ޖެއްސީ ކާކުތަ؟” ހިތްހަމަނުޖެހިފައި ހުރި ރާގެއްގައި ހެދުމުން ފެންފޮޅަމުން ޝާރުދާ ވާހަކަދެއްކިއެވެ.

“ސޮރީ ދައްތާ! އަޅުގަނޑު… އަޅުގަނޑު ލުބޯ ފަތް ބިންނަނީނު، ނޭނގުނީނު ސްޕްރިންކްލާރ ޖެހުނީމަ” ދިވެހިކޮށިކަމާއެކު ވެސް ޖައުހަރީ ބެލީ ދިވެހިބަހުން ވާހަކަދެއްކޭތޯއެވެ.

“ހޫން! ހޫން! ދެން ހެވޭ، ތިކުރޭ ކަމެއްކުރަން އޭތި ނިއްވާފައި ދޭ” ލައިގެން ހުރި ހެދުމުގެ ދެބައިކޮށްފައި އެއްބައި ތެމުމުން ޝާރުދާ ހުރީ ހިތްހަމަނުޖެހިފައެވެ. އެހެންވިޔަސް ކޮންމެ ދުވަހަކުހެން ކޮންމެވެސް ކަމެއް ގޭގައި ގެންގުޅޭ މީހުންގެ ފަރާތުން ކުރިމަތިވާނެއެވެ. އެކަމަށް ޝާރުދާއަށް ވަނީ ހޭނެންޖެހިފައެވެ. އެމީހުންނާ ނުލާ އެ ބޮޑު ގޭގެ ހުރިހާކަމެއް ކުރުން ޝާރުދާއަށް ފަސޭހަކަމަށް ނުވެއެވެ.

ބޯމަތީގައި އޭގެ އަލި ފަތުރާލައިގެން ހުރިއިރު ހީވަނީ ގަސްދުގައި މީހުންގެ ތަލަތައް ފިއްސާލުމުގެ މަޤުޞަދުގައި އިރު ހުރިހެނެވެ. ނަމަވެސް މެންދުރުގެ ތިލަ އާވީގެ އަސަރު ޝާރުދާއަކަށް ނުކުރެއެވެ. އޭނާ ދަތުރު ކުރަމުން ދިޔައީ އޭސީ ކުރެވިފައި ހުރި ކާރެއްގައެވެ. އޭނާ ބުނާ ފިހާރަތަކަށް ފާރޫޤު ގެންގޮސްދެމުންދިޔައެވެ. މަލީކުގެ ފޯނުކޯލު އައީ ވެސް އެ ކާރުގައި އޭނާ އިންދައެވެ.

“ޝާރުދާ، އަހަރުމެން ދެބަފައިން މިތިބީ ގޭގައި” ޝާރުދާ ފޯނަށް ޖަވާބު ދިނުމާއިއެކު މަލީކު ބުނެލިއެވެ.

“އެހެންތަ! މިދަނީ ގެއަށް، ގިނައިރެއް ދެން ނުވާނެ” އާދަޔާ ޚިލާފު އުފާވެރިކަމެއް ޝާރުދާގެ އަޑުގައި އެކުލެވިގެން ދިޔައެވެ.

މި ވަގުތައް ބާޒާރު ކުރެވިއްޖެކަމުގައި ނިންމާފާއި ޝާރުދާ އަވަސްއަވަހަށް ފާރޫޤަށް އިރުޝާދުދިނީ ގެއާ ދިމާލަށް ކާރުގެ މިސްރާބު އަނބުރާލުމަށެވެ. އަދި މަލީކުގެއަށް އައި ޚަބަރު އޭނާ ފާރޫޤަށް ވެސް ދިނެވެ. އެކަމުން ފާރޫޤަށް ވެސް ޝާރުދާ ގެއަށް ދާން ބޭނުންވެފައި އިން މިންވަރު ދެނެގަންނަން އުނދަގުލެއްނުވިއެވެ.

“ކިހިނެއްތަ ދަތުރުދިޔައީ؟ ގޮތެއް ނިންމިއްޖެތަ”

“ކޮންހާ ސާމާނެއް؟”

މަލީކު އާއި ޝާރުދާއަށް ވާހަކަދެއްކުނީ އެކުއެކީގައެވެ. އެހެންވެ ދެމަފިރިންނަށް ވެސް ހީނގަނެވުނެވެ. އަދި ޝާރުދާ އައިސް ސޯފާގައި ހަމަޖެހިލަމުން މަލީކުއާ ވާހަކަދައްކަން ފެށިއެވެ. އެ ވަގުތު އެ ތަނުން އިޒުވާން ފެންނަން ނެތުމުން ފުރަތަމަ ވެސް ޝާރުދާއަށް އަހާލެވުނީ ދަރިފުޅު ކޮބާތޯއެވެ. އެއާއެކު ފެންވަރާ ތާޒާ ވެލަން ދިޔަ އިޒުވާނުގެ ކައިވެނި ރޭވިފައިވާ ގޮތުގެ ވާހަކަ މަލީކު، ޝާރުދާއަށް ކިޔައިދޭން ފެށިއެވެ.

* * * *

“ކީކޭތަ ތިކިޔަނީ” ކެންޓީނުގެ މޭޒެއްގެ ދޮށުގައި ސައިބޯން ތިބި ފިރިހެން ކުދިންގެ ބައިގަނޑުތެރޭ އިން ރުހައިލު ތަކުރާރުކޮށްލިއެވެ.

“އެހެރި އަންނަނީ މިލާން، އެމީހުންގެ ކުލާސް ނިމުނީ ދެންމެ ކަންނޭނގެ، ވިޝް ވެސް އެބަހުރި” ދުރުން ކެންޓީނާ ދިމާލަށް ހިނގާފައި އަންނަ ހަތަރު ކުއްޖަކު ލޮލުގެ އިޝާރާތުން ރުހައިލަށް ދައްކާލަމުން ފަޒަލް ބުންޏެވެ.

ކޯހުގައި އުޅޭތާ ދެއަހަރު ވެގެންދިޔައިރު މުޅި ޔުނިވަރސިޓީއިން ވެސް ފަޒަލްއަށް ފާހަގަ ކުރެވުނީ އެންމެ ކުއްޖެކެވެ. އެއީ މިލާންނެވެ. ކަޅުކުލައިގެ ޖިންސާއި މަޑު ރީނދޫކުލައިގެ އަތްދިގު ގަމީސްކޮޅުގެ ސަބަބުން ވެސް އެ ޅަނދޮޅު އަންހެން ކުއްޖާއަށް ޤުދުރަތުން ދެއްވާފައިވާ ހަދިޔާ އިތުރަށް ފުރިހަމަވެގެން ދެއެވެ. ބޯއެސްފިޔަތަކުން ހިޔާއެޅިފައިވާ ތޫނުކަޅިރަވަ އާއި މަޑުފިޔާތޮށިކުލައަށްދާ ދެތުންފަތް ތެޅިލާއިރު ފަޒަލްއަށް ހީވަނީ ހުވަފެނެއްގެ ތެރޭގައި އުޅެވޭހެނެވެ. މާމުއީގެ ކަނޑެއްގައި ފަތާލާފައި ގޮސް އެ ރީތި ހަންއޮމާން ކޯތާފަތާއި މަޑުމަޑުން ތުންފަތުގައި ބޮސްދޭން ފަޒަލްގެ ހިތް ބޭނުންވެއެވެ.

“އައުޗް! ތަދުވެއްޖޭ!” ކުއްލިއަކަށް ތަންކޮޅެއް ބާރަށް ފަޒަލް ބުނެލިއެވެ. އަދި މޭޒުދަށަށް ބަލާލަމުން އޭނާގެ ފަޔަށް ބަލަންފެށިއެވެ.

“ތީ ބޮޑުވަރު އިނގޭ، ތިވަރުވަންޏާ އޭނާ ގާތު ގޮސް ބުނެބަލަ، އަހަރެން ނަމަ ނުހުންނާނަން ނުބުނެއެއް” ފަޒަލްގެ ބޫޓުމައްޗަށް ބޫޓުން އެރުމަށްފަހު ރުހައިލު ބުނެލިއެވެ. އެވަގުތު އެމީހުންގެ މޭޒު ކައިރިންލާފައި މިލާން އާއި އޭނާގެ އެންމެ ގާތް އެކުވެރިޔާ ވިޝާކާގެ އިތުރުން ދެންތިވި ދެ ކުދިން ވެސް ދިޔައެވެ. އެ މީހުނަށް މޭޒުދޮށުގައި ތިބި އެކި ކުދިން ގޮވާ ހެދިއެވެ.

“ހައި ރުހައިލް، ކިހިނެއްތަ؟” ކުއްލިއަކަށް ރުހައިލުގެ ފަހަތުން ވިޝާކާގެ އަޑުއިވުނެވެ.

“ރަނގަޅު” ކުޑަކޮށް އެނބުރިލަމުން ރުހައިލު މިހެން ބުނުމާއިއެކު ކުރިމަތީ ހުރި ސައިތަށްޓަށް ނަޒަރު ހުއްޓާލަމުން އިސްޖަހާލިއެވެ.

“މިއަދު ލެބަށް ދާނަންތަ؟” ވިޝާކާ އަނެއްކާ ވެސް އަހާލިއެވެ. އޭރު އޭނާގެ ގާތުގައި ހުރި މިލާން ވެސް ރަކި ގޮތަކަށް ފަޒަލްއަށް ބަލާލާފައި ހީނލިއެވެ.

“އަދި ނޭނގެ، ފަޒަލް، ހިނގާބަލަ ދާން” ރަނގަޅަށް ސައިބޮއެ ނުނިމުނަސް ރުހައިލު ތެދުވަން އުޅުނެވެ. އެއާއެކު ވިޝާކާގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވެގެންދިޔައެވެ. މިލާން އަވަސްއަވަހަށް ވިޝާކާގެ އަތުގައި ހިފާ ދަމާލަމުން ކެންޓީނުގެ ކިއުއާ ދިމާލަށް ދިއުމަށް ހިނގައިގަތެވެ.

“ހައު ރޫޑު… ސްޓުޕިޑް ބޯއީސް އެންޑް ސްޑުޕިޑް ގާލްސް، އަހަރެން މިހާ ދުރުގަ އިންއިރު ވެސް އަހަންނަށް އެ އަންހެން ކުއްޖާގެ މޫނުމަތިން ފެނުނު ހުރިހާ ކަމެއް ދެނެގަންނަން އެނގުނު” އެކަހެރިކޮށް މޭޒެއްގެ ދޮށުގައި ސައިބޯން އިން އަރުފީނުގެ ހިތަށް އެރިއެވެ. އޭނާ އިނީ ކެންޓީނަށް ވަދެ އެ މޭޒުގެ ދޮށުގައި ސައިބޯން އިށީނީއްސުރެން ރުހައިލްމެން އުޅޭ ނޫޅޭ ގޮތަށް ކަޅިއަޅައިގެންނެވެ. އެ މޭޒުގެ ދޮށުގައި ހީވަނީ ޔުނިވަރސިޓީގައި ތިބި އެންމެ ރީތި ފިރިހެންކުދިން އެއް މޭޒެއްގެ ދޮށަށް ޖަމާވެފައި ތިބި ހެނެވެ. އަންހެން ކުދިންގެ ނަޒަރުތައް ތިރިނުކުރެވިގެން އުޅެނީ އެހެންވެއެވެ. ފަޒަލް އާއި ރުހައިލުގެ ޠަބީޢަތް ވަރަށް ތަފާތެވެ. މަޑުމައިތިރި މީހެއްގެ ގޮތުގައި ގިނަވަގުތު ފަޒަލް ފެންނައިރު ރުހައިލު އެއާ ޚިލާފެވެ. ފަޒަލްގެ މަޑުމައިތިރިކަން ވެސް ގިނަފަހަރަށް ގެއްލެނީ ރުހައިލުގެ ސަބަބުންނެވެ.

“ކިރިޔާ ރީތި ފިރިހެނެއް ފެންނައިރަށް މި އަންހެން ކުދިންތައް ވެސް ތިބެނީ ހޭކުޑައިވެފައިވިއްޔާ، ރީތިވުން ހަމަ އެހާ މުހިންމުތަ؟ އަހަންނެއް ނުދުވާނަން އެމީހުންގެ ފަހަތަކުން” ތުންފަތަށް ވައްތަރެއްޖައްސާލަމުން ލޯހިމަކޮށްލައިގެން އަރުފީނުގެ ހިތާ ވާހަކަދައްކަމުން އޭނާ ދިޔައެވެ. ސިހުމަކާއިއެކު އަރުފީނު އިސްޖަހާލީ މޭޒުދޮށުން ދިއުމަށް ތެދުވި ރުހައިލަށް އަރުފީނު ފެނުމުންނެވެ.

“އެއްވަރުގެ ކަންތައް” ފަޓުލޫނުގެ ޖީބަށް އަތްޖަހާލަމުން ރުހައިލު ބުނެލިއެވެ.

“މިފަހަރު ކިހިނެއްވީ” ހައިރާންވެފައި ފަޒަލް އަހާލިއެވެ.

“އޭނދީނު، ސަފަރުކަތްދަ ވެސް އެޓްލީސްޓު ސަފަރުމަހު ފެންބޭނުންކުރެއެއްނު، އޭނާ ހީވޭތެ މިއިން ގަރުނަކު ފެންކޮޅެއްގައި ޖެހިލާފައި އިންހެން، އަދި ބަލާބަލަ ލާފައި ހުރި އެއްޗެހި، ގެއަށް ގޮއްސަ ދޫލަނޑެއް ނުދޭނަން” ރުހައިލު މަޑުމަޑުން ފަޒަލްގެ ގާތުގައި ބުނެލިއެވެ. އަދި ދެ ކުދިން އެކުގައި ކުލާސް ރޫމުތައް ހުރި އިމާރާތުގެ ތެރެއަށް ވަނުމަށް ހިނގައިގަތެވެ.

“އެންމެން ވެސް ހީކުރަނީ އަހަރުމެން ގޭގައި ގެންގުޅޭ ކުއްޖެކޭ، ބަލާލަން ތަންކޮޅެއް ރީތިނަމަ ދޯ، އެހެންނަމަތާ އެކުގައި އުޅެން ތަންކޮޅެއް ފަސޭހަވާނީ” ފަޒަލް ވެސް އަރުފީނަށް ބަލާލާފައި އިސްޖަހާލަމުން ބުނެލިއެވެ.

އެންމެން ވެސް އަރުފީނަށް ބަލަނީ ތަފާތު ނަޒަރަކުންނެވެ. އެންމެންގެ ތެރެއިން އަރުފީނު ބާކީކޮށް އެކަހެރި އެ މީހުން ކުރެއެވެ. ކުލާހުގައި ގުރޫޕުތަކަށް ކުދިން އެއްވާއިރު ވެސް އަރުފީނު ގާތު ބުނަނީ އެއްވެސް ގޮތެއް ނެތިގެންނެވެ. އެވެސް ގިނަ ފަހަރަށް ޓީޗަރު އިސްވެ އަރުފީނު ކޮންމެވެސް ގުރޫޕަކަށް ލުމުން އޭނާ ބާކީކޮށްލަން އެ ގުރޫޕެއްގެ ކުދިންނަށް ނުކެރެނީއެވެ. އެކަމާ ހިތްނުތަވަސްވެ ރުޅި އަންނަ ގޮތް އަރުފީނުވެއެވެ. ނަމަވެސް އެ ވާހަކަތަކެއް އޭނާ އެކަކު ގާތު ވެސް ނުދައްކައެވެ. އެނބުރި ރަށަށް ދާން ކިތަންމެހާ ވެސް ބޭނުންވެއެވެ. އެކަމަކު އޭރުން ޙައިދަރު އާއި އާތިޤާއަށް ވާނޭ ގޮތް ހިތަށް އަރުވާލާފައި އަރުފީނު ބެލީ ކެތްކުރެވޭތޯއެވެ. ކޯހުގައި ބައިވެރިވެގެން ދެމަސްވާން އުޅުނު އިރު ވެސް އަރުފީނުގެ ރައްޓެހި ކުއްޖަކު ނުހުރެއެވެ. މަސައްކަތްތަކުގައި އާއި ކުލާހުގައި ވެސް ފެންނަނި އެކަހެރިކޮށް އިންނަތަނެވެ. އެހީއަކަށް އެދޭނެ ކުއްޖަކު ވެސް އަދި އެހީވާން ބޭނުންވާ ކުއްޖަކު ވެސް އޭނާއަށް ނެތެވެ. ބައެއްފަހަރު ކުދިން ކިޔާ އެއްޗެހިންނާއި ކުރާ މަލާމާތް އޭނާއަށް އަޑު ވެސް އިވެއެވެ. އެ ފަދަ ވަގުތުތަކުގައި ހިތުގައި ވެސް ޖެހެއެވެ. ހަމައެއާއެކު ރުޅި ވެސް އާދެއެވެ.

ކާރުގެ ކުރީ ސީޓުގައި އިށީނދެގެން އިން އަރުފީނު އޭނާގެ ދަބަސް މޭގައި ޖައްސާލައިގެން ހިމޭންވެފައި އިނެވެ. އޭރު ފަހަތު ސީޓުގައި ތިބި ފަޒަލް އާއި ރުހައިލު ކަމަކީ އަރުފީނާ ދިމާކުރުމެވެ.

“އަރުފީނު، ފަޒަލް މަންމަ ގެންގުޅެޔޯ ދޮންވާ ކްރީމެއް، ހަންޑްރެޑް ޕަސަންޓް ދޮންކޮށްދޭ ކްރީމްއެކޯ އެއީ، ފަޒަލް ބުނީ އަރުފީނު އުނގުޅާލަން ގެނެސްދީފާނަމޯ” ހެމުން ހެމުން ރުހައިލު ބުނެލިއެވެ. އެއާއެކު ކާރުދުއްވަން އިން ފާރޫޤު އޭނާ އާއި ޖެހިގެން ހުރި ސީޓުގައި އިން އަރުފީނަށް ބަލާލީ ހަމްދަރުދީގެ ނަޒަރަކުންނެވެ.

“އެއީ ދޮގެއް…” ކުއްލިއަކަށް ފަޒަލް ބުނެލިއެވެ.

“އަރުފީނު ގޯންޏަކުން ހެދުމެއް ތައްޔާރުކުރީމަ ސަޅިވާނެ” ރުހައިލު ބުނެލިއެވެ. ދެން ވެސް އަރުފީނު އަނގައިން ނުބުންޏެވެ. ދެބުމަ ކައިރިކޮށްލި ރުހައިލު އެކަމާ ހައިރާންވިއެވެ. އެހެންނޫނީ ކާރުތެރޭގައި އިނަސް އަރުފީނު ހީވަނީ އޭނަގެ ގަޔަށްބޮލަށް އަރައިގަނެދާނެހެނެވެ. ދެމީހުން ވެގެން ވާދަކިޔުމަކީ ޔުނިވަސިޓީއިން ގެއާ ހަމައަށް ކުރެވޭ ދަތުރު ރުހައިލަށް ކުރުވާ ކަމެކެވެ.

“އަރުފީނު، ރުހައިލު ކިޔާ އެއްޗިއްސަށް އަޅާނުލާ، އޭތް! އަހަންނަށް ކަމެއްކޮށްދޭން ވެއްޖެ” ކުއްލިއަކަށް ފަޒަލްގެ އަޑުގައި ގާތްގޮތެއް ހުރުމުން އަރުފީނަށް ވެސް އިސްޖަހާލައިގެން ނީނދެވުނެވެ. ލިބުނު ހައިރާންކަމާއިއެކު ސުވާލުގެ ނަޒަރަކުން ފަހަތުގައި އިން ފަޒަލްއަށް ބަލާލެވުނެވެ.

“މަޑުކުރޭ، ގެއަށް ގޮސްފައި ބުނާނަން، މި ރުހައިލް ހުއްޓަ ބުނާކަށް ނުވާނެ” ފަޒަލްގެ ވާހަކަތަކުން ރުހައިލު ވެސް ހައިރާންވިއެވެ.

ބޮޑުކޮޓަރިތެރެއަށް ހުރިހާ ކުދިން ވަދެގެން އައިއިރު ވަރުޝާ މާވަށިގަނޑެއް ހިފައިގެން ހުރެ ލިފްޓާ ދިމާލަށް ދިޔައެވެ. އޭނާއަށް ލިފްޓާ ހަމައަށް ދެވުމުގެ ކުރިން ރުހައިލް އާއި ފަޒަލް ދުވެފައި ގޮސް ލިފްޓަށް އަރާ އޭގެ ދޮރުބަންދުކޮށްފިއެވެ. އެއާއެކު ރުޅިގަދަވި ވަރުޝާ ފަތިވަރެއް ދަމައިގަތް އަޑުއިވުނެވެ. އަރުފީނުގެ ގާތަށް ވެސް ކުޑަކޮށް ހިނިއައެވެ. އެހެންނަމަވެސް އެއްޗެއް ނުބުނެ އޭނާގެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ.

އިރުއޮއްސުމުގެ އަސަރު ގޯތިތެރެއިން ފާޅުވަމުންދިޔައިރު އަރުފީނު ހުރީ ލިޔާމޭޒުކައިރީ ލެޕްޓޮޕް ހުޅުވާލައިގެން އެއިން މަސައްކަތެއް ކުރަން ދަސްކުރާށެވެ. އޭރު ހުޅުވާލާފައި ހުރި ކުޑަދޮރުގެ ފަރުދާތަކާއި ސަމާސާކޮށްލާފައި އެތެރެއަށް ވަދެ ނިކުމެވާ ވައިރޯޅިތަކުގެ ފިނިކަން އަރުފީނަށް އިހުސާސްކުރެވެއެވެ. ކޮޓަރީގައި ހުރި ފަންކާ ނުޖައްސާ ހުރީ ވެސް އެހެންވެއެވެ.

“އަރުފީނު… ވާހަކައެއް ދައްކާލަން ބޭނުން” ކޮޓަރީގެ ދޮރު ހުޅުވާލަފައި އެތެރެއަށް ވަންނަމުން ޝާރުދާ ބުނެލިއެވެ. އެއާއެކު އަރުފީނު ކުރަން އިން މަސައްކަތް ހުއްޓާލުމަށްފަހު ޝާރުދާއާ ދިމާލަށް އެނބުރުނެވެ.

“ހިނގާބަލަ ޓެރެސްއަށް އަހަންނާއެކު، އެތަނަށް އަދި ވަރަށް ފިނިވާނެ” ގާތްގޮތަކަށް ޝާރުދާ ހިނިތުންވެލިއެވެ. އަދި އޭނާ އައިސް އަރުފީނުގެ ކޮޓަރީގައި ހުޅުވާފައި ހުރި ކުޑަދޮރު ލައްޕާލުމާއިއެކު ބޮލުން އިޝާރާތްކޮށްލީ އޭނާގެ ފަހަތުން އައުމަށެވެ.

ހާމަފެންޑާގައި ހުރި އުނދޯލީގައި ޝާރުދާ އިށީންއިރު އަރުފީނު ހުރީ ތިރިކޮށްހަދާފައި ހުރި ވަށާފާރުގެ ރެއިލިންގައި އަތްއަޅުވާލައިގެންނެވެ. އެއްފަރާތުގައި ހުރި ބިއްލޫރި ކުޑަމޭޒުމަތީ ސައިފޯންޗަކާއި ކުދިބިސްކޯދުތަކެއް ބަހައްޓާފައި ހުއްޓެވެ. ޝާރުދާ އެހާ ތައްޔާރު ވެގެން އެ އުޅެނީ ކޮންވާހަކައެއް ދައްކަންބާއޭ އަރުފީނުގެ ހިތާ އޭނާއަށް ސުވާލުކޮށްލެވުނެވެ. އެހިނދު ހާސްކަން ލިބިގެން ދިޔައެވެ. އޭނާއަށް ކޮށްގެން ނުވާނޭވަރު ކަމެއް ކުރެވުނީބާއޭ ހިތަށް އެރުމުންނެވެ.

“އާދެބަލަ މިތާ އިށީންނަން، ސައިތަށްޓެއް އަޅައިދެންތަ، މިގަސްތައް މިހެން ފެންނަން ހުންނާތީ ވެސް ވަރަށް ހިތް ހަމަޖެހޭ” ޝާރުދާ ހީވަނީ އޭނާ ބުނަން އުޅޭ ވާހަކަ ނުބުނުވިގެން އުޅޭ ހެންނެވެ. ނޫނީ އެ ވާހަކަ ބުނާނެ ގޮތެއް ނޭނގެނީއެވެ.

ކިޔަމަންވާ އުސޫލުން އަރުފީނު މަޑުމައިތިރިކަމާއިއެކު މަޑުމަޑުން އައިސް ޝާރުދާ އިށީނދެގެން އިން އުނދޯލީގައި އިށީނެވެ. އެއާއެކު ޝާރުދާ ތައްޔާރުކުރި ސައި ޖޯޑު ވަތުތަށްޓާއިއެކު އަރުފީނަށް ދިއްކޮށްލިއެވެ. މާގިނައިން ސައިބޯ ހިތްނުވިޔަސް ޝާރުދާ ބުނާ ކަމަކަށް ނޫނެކޭ ބުނުމަކީ އަރުފީނުގެ ހައިސިއްޔަތު ނޫންކަމުގައި އޭނާއަށް ވިސްނިފައި އޮތުމުން ޝާރުދާގެ ހުރިހާ ބުނުމަކަށް އޭނާ ތަބާވަމުން ދިޔައެވެ.

“އަރުފީނުގެ ޢާއިލާގައި ތިބެނީ ކޮންބައެއް؟” ޝާރުދާއަށް ކޮންމެވެސް ވަރަކަށް އަރުފީނުގެ ކަންކަން އާސިޔާ ކިޔައިދީފައި ވިޔަސް އޭނާ ބޭނުންވީ އަރުފީނުގެ ދުލުން އޮޅުން ފިލުވާށެވެ.

“ޢާއިލާގައި ތިބެނީ އަޅުގަނޑުގެ ބައްޕަ އާއި ބޮޑުމަންމަ އާއި ސޮފޫދައްތަ އެކަނި” އަރުފީނު ވާހަކަދެއްކީ ވަރަށް މަޑުންކަމުން އޭނާ ކީއެއްޗެއް ޝާރުދާއަށް ސާފުވީ ކިރިޔާއެވެ.

“މަންމަގެ ޢާއިލާ މީހުން ކޮބާ؟، އާސިޔާ ބުނި އަރުފީނުގެ މަންމަ ނިޔާވި ވާހަކަ” ސައިޖޯޑު ހިފަހަށްޓާލައިގެން އިނދެ ޝާރުދާ ބުނެލިއެވެ.

“މަންމަ ފަރާތު ބޮޑުބޭބެއެއް ހުންނަކަމަށް ބައްޕަ ބުނި، އެކަމަކު ދުވަހަކު ވެސް ނުދެކެން، އުޅެނީ އެހެން ރަށެއްގައި ކަމަށްވަނީ” އަރުފީނު އޮޅުން ފިލުވައިދިނެވެ.

“އަރުފީނު ރަށުގައި ވެސް ލަނީ ތިކަހަލަ ހެދުންތަ؟ އަބަދު ވެސް އިސްތަށިގަނޑު ބަހައްޓަނީ ތިހާ ކުރުކޮށް ކޮށާލާފައިތަ؟” ޝާރުދާ މިފަހަރު އަރުފީނުގެ މޫނަށް ވަރަށް ރަނގަޅަށް ބަލާލިއެވެ.

“ހޫމް! އަބަދުވެސް ހުންނަނީ މިހެން، އިސްތަށިގަނޑު ދިގުވީމަ އަޅުގަނޑަށް ވަރަށް އުނދަގޫވޭ” އިސްޖާލައިގެން އިނދެ އަރުފީނު ބުނެލިއެވެ.

“އަރުފީނު، އަންހެން ކުދިންނަކީ ނިކަން ނަލަކޮށް ތިބެންވާނެ ބައެއް، އަހަންނަށް… އަހަންނަށް ހީވަނީ އަރުފީނަށް ވެސް ތިހެން ހުރުމުން ކުދިންނާ ގުޅިގެން އުޅެން އެހާ ފަސޭހައެއް ނޫންހެން، އެއްގޮތަކަށް ވެސް އެއްޗެއް ހިތަށް ނާރުވާތި، މީ އަހަރެން އަރުފީނަށް ހެޔޮ އެދިގެން ބުނާ ވާހަކަތަކެއް، އަން! މީ އަހަރެން އަރުފީނަށް ދޭ އެއްޗެއް، އަހަރެން ނުބުނަން އަރުފީނު ގާތު އިސްތަށިގަނޑު ދިގުކުރާކަށް، އެކަމަކު އިސްތަށިގަނޑު ރީތިކޮށް އޮމާންކޮށްލާފައި ބެހެއްޓުމާއިއެކު ހެދުން އަޅާގޮތަށް އެބަޖެހޭ ބަދަލުތަކެއް ގެންނަން، މީހުންގެ ތެރޭގައި އުޅެން އަރުފީނަށް ދަސްކޮށްދޭން އަހަރެން ބޭނުން، ކިޔަވައިގެން ވަޒީފާގެ މައިދާނަށް ނިކުތުމުން އެތައް ބަޔަކާ ކުރިމަތިލާން ޖެހޭނެ، އެކުގައި މަސައްކަތް ކުރަންޖެހޭނެ، އެމީހުން އަރުފީނާމެދު ތަފާތުކޮށް ދެކޭނަމަ އެއީ އަރުފީނުގެ ހަޔާތަށް އެޅިގެންދާ ނުރައްކާތެރި ހިޔަންޏަކަށް ވެގެން ހިނގައިދާނެ، އަރުފީނުގެ މަންމަ ދުނިޔޭގައި ހުރި ނަމަ މިއަދު އަރުފީނަށް މިގޮތަށް ނަޞޭޙަތްދޭނެކަން ޔަޤީން، ބައްޕައަކަށްވުރެ އަންހެން ދަރިފުޅުގެ ކަންކަން އެނގޭނީ މަންމައަށް، އަހަރެންގެ އަންހެން ދަރިއަކު ނެތް ނަމަވެސް އެކަން އެނގޭ… މިއަދު އަރުފީނުގެ އިޙުސާސްތައް އަންހެނަކަށް ވީތީ އަހަންނަށް ދެނެގަންނަން އެނގޭ…. އަހަރެން މި ދައްކާ ވާހަކަ އަރުފީނަށް އެބަ އެނގޭތަ؟” ޝާރުދާގެ ހުރިހާ ވާހަކައެއް އަރުފީނު އަޑުއަހަމުން ދިޔައީ ކަނުލާ އެކަމަށް އޭނާގެ ހުރިހާ ސަމާލުކަމެއް ހުއްޓައިލައިގެން އިނދެއެވެ. އަރުފީނު ބޯޖަހާލުމުން އަނެއްކާ ވެސް ޝާރުދާ ވާހަކަދައްކަން ފެށިއެވެ.

“މިރޭ އަހަންނާއިއެކު ބޭރަށް ދާން ތައްޔާރުވޭ، ކުޑަކޮށް ބާޒާރުކޮށްލަން، މިގެއަށް އަންނަ މީހުނަށް އަރުފީނަކީ މިގޭގައި ގެންގުޅޭ ކުއްޖެކޭ ހީވާކަށް އަހަރެން ބޭނުމެއްނޫން، އަށެއް ޖަހާއިރު ފިހާރަތައް ހުޅުވާނެ، އެހާއިރަށް ތައްޔާރުވައްޗޭ” ޝާރުދާ ހިނިތުންވެލިއެވެ. ނަމަވެސް އަރުފީނު އިނީ ޝާރުދާގެ ވާހަކަތަކުން އުނދަގޫވެފައި އިންހެނެވެ.

“ދެން އަޅުގަނޑު ދިޔަޔަސް އެންމެ ރަނގަޅުތޯ، ފިލާވަޅެއް ހަދަން އިނދެފައި މިއައީ” ޝާރުދާގެ ގާތުން ދުރަށް ދާން ބޭނުންވެފައި އިން އަރުފީނު ބުނެލިއެވެ.

“އެންމެރަނގަޅު، ގަޑިއަށް ތައްޔާރުވެގެން ހުނައްޗޭ” ޝާރުދާ ހުއްދަ ދިނުމުން އަރުފީނު އެއްފަރާތުގައި ހުރި މޭޒުމަތީ ސައިޖޯޑު ބަހައްޓާލުމާއިއެކު ހަލުވިކޮށް ލިފްޓާއި ދިމާއަށް ދިޔައެވެ. ލައިގެން ހުރި އަތްތިގު ގަޔަށް ދޫ ޓީޝާޓުގެ އަތްކުރިން ދެއަތްތިލަ ފޮރުވަމުންނެވެ.

ޖޫސްތަށްޓެއް ހިފައިގެން ބަދިގެއިން ނިކުން ރުހައިލުގެ ލޮލުގައި އަރުފީނު އަޅައިގަތެވެ. އެއާއެކު ވަގުތުން އޭނާގެ ސިކުނޑީގައި ލާނެތް ސަމާސާއެއް އަރުފީނަށްކޮށްލުމުގެ ޚިޔާލު އެނބުރިގަތެވެ. ފިކުރެއްގައި ހުރެ އިސްޖަހާލައިގެން ކުރިއަށް އައި އަރުފީނުގެ ގައިގާ ރުހައިލު ގަސްދުގައި ޖެހިގަތުމާއިއެކު އޭނާ އެއްބައި ބޮއެފައި އޮތް ޖޫސްތަށި އަރުފީނުގެ ގަޔަށް ބަންޑުން ކޮށްލިއެވެ.

“އައްޗީޑި! ކަލެއަށް….” ހަޅޭލަވައިގަންނަން އުޅެފައި ވެސް އަރުފީނު ދަތްކުނޑިވިކައިގަނެފައި އޭނާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އިތުރަށް އަރުފީނު ރުޅިއަރުވާލުމަށް އޭނާއަށް އިވޭވަރަށް ރުހައިލު ހިނިގަނޑެއް ޖަހާލިއެވެ. އަދި އަތުގައި އޮތް ހުސްތަށި ހިފައިގެން އެނބުރި ބަދިގެއަށް ވަންނަން ދިޔައީ ނިކަން ހެވިލާފައި ހުރެއެވެ.

ކޮޓަރިއަށް ވަދެ ދޮރުތަޅުލުމާއިއެކު އަރުފީނު ހިނގައިގަތީ ފާޚާނާއާ ދިމާލަށެއެވެ. އޭގެ ކުރިން އަތުގައި އޮތް ކޮތަޅު އެނދުމައްޗަށް އެއްލުމާއިއެކު އަލަމާރިން ހެދުމަށްނެގުމަށް ކައިރިވެލިއެވެ. އެހިނދު ކޮޓަރީގެ އަނެއްފަރާތުގައި ހުރި ރީތިވާ މޭޒުގެ ލޯގަނޑުން ފެންނަމުން ދިޔަ އަރުފީނުގެ ސޫރައަށް އޭނާ ބަލާލުމާއިއެކު ހުއްޓުން އަރާފައި ހުރެވުނެވެ. ލައިގެން ހުރި ހެދުމާއި ބޮލުގެ އިސްތަށިގަނޑުގައި މަޑުމަޑުން އަރުފީނަށް އަތްހާކާލެވުނެވެ. އަދި ދެފަރާތަކަށް އެނބުރިލަމުން ހަށިގަނޑަށް ބަލާލިއެވެ. އެހެން ހުރެފައި ކުއްލިއަކަށް އަރުފީނު އިސްޖަހާލީ މާޔޫސްވެގެންނެވެ.

“އަހަރެން ހުންނަގޮތް މީހުންނަށް ކަމުނުދިއުމަކީ އެ މީހުންގެ ކަމެއް، އެކަމުގައި އަހަރެން ކުރާނީ ކީއްތަ؟ އެންމެން އެއްގޮތަކަށް ތިބޭކަށް ނުޖެހެއެއްނު، މާލޭ މީހުން ހަމަ ގޮތް ބޮޑީ” އަރުފީނު ތުންފިއްތާލިއެވެ. އަދި ޝާރުދާއަށް ކަމުދާނެހެން ހީވާ ކަހަލަ ހެދުމެއް އޭނާ އަލަމާރިން ހޯދަން ފެށިއެވެ. އަތުގައި ހުރީ ކަޅުކުލައިގެ ޖިންސަކާއި ދޫ ހަރުވާޅެވެ. އެއްވެސް އިރެއްގައި އަރުފީނަކީ އޭނާ ލާ ހެދުމަށް ފަރުވާލެއް ބަހައްޓާ ކުއްޖެއްނޫނެވެ. އެހެންވެ ކުލަކުލަ ގުޅުވުމާއި ހެނދުން އެޅުމުގެ ވައްޓަފާޅިއެއް އޭނާގެ ނުހުރެއެވެ. ސުކޫލުގައި ޚާއްޞަ ހަފުލާއެއް އޮވެއްޖެނަމަ އޭނާ ރީތި ކުރުމުގެ ކަންކަން ކޮށްދެނީ ސޮފޫރާއެވެ. ގިނަ ފަހަރަށް އަރުފީނު ލައިގެން ދާނީ ވެސް ސޮފޫރާގެ ހެދުމެކެވެ. ދަނބުކުލައިގެ ޓީޝާޓުކޮޅާއި ކަޅުކުލައިގެ ޖިންސު ނަގާ އެނދުމަތީ ބާއްވާފައި އަރުފީނު އެންމެފަހުން ފާޚާނާއަށް ވަނެވެ.

* * * *

ބޮޑުކޮޓަރިތެރެއަށް ނިކުތް ފަޒަލްއަށް ދޮރުކައިރީ މަޑުކޮށްލައިގެން ހުރި މެހެނާޒު ފެނުނެވެ. އޭނާ ފުރަގަސްދީގެން ހުރި ގޮތުން ފަޒަލް ހީކުރީ ދޮރުމަތީގައި ހުރި މީހަކާ މެހެނާޒު ވާހަކަދައްކަނީ ކަމަށެވެ. ނަމަވެސް ވާހަކަދައްކާ އަޑު ނީވޭތީ ގޭގެ ވަލު ދޮރާށީން ރުހައިލުމެންގެ ބަޔަށް ވަންނަން ދާން އުޅެފައި ވެސް އޭނާ ހިނގައިގަތީ މެހެނާޒުގެ ގާތަށެވެ.

“މަންމާ!” ފަޒަލް ގޮވާލި އަޑާއިއެކު ސިހިފައި މެހެނާޒު ފަސްއެނބުރި ބަލާލިއެވެ. އެ މޫނުމަތީގައިވާ ނުތަނަވަސްކަން ފޮރުވަމުންނެވެ.

“ކިހިނެއްވެފައި ތިހިރީ؟” އެކަނިމާއެކަނި މެހެނާޒު ދޮރުމަތީ ހުރިކަން އެނގުމުން ފަޒަލްއަށް އަހާލެވުނެވެ.

“ކަމެއްނުވޭ، މިތާ މަޑުކޮށްލައިގެން ހުރީ، ފަޒަލް ކޮންތާކަށް؟” ދަރިފުޅުގެ ހަމަޖެހުން ގެއްލެން ބޭނުންނުވާ ފަދަ ގޮތަކަށް މެހެނާޒު ބުނެލިއެވެ.

“މިދަނީ އަންކަލްމެންގެއަށް، މަންމަ ވެސް އަންނަންވީނު” މެހެނާޒު އެކަނިވާނޭތީ ފަޒަލް ބުނެލިއެވެ. އެހެންނަމަވެސް ލުއި ހިނިތުންވުމަކާއިއެކު މެހެނާޒު އޭނާގެ ދަރިފުޅު ފޮނުވާލިއެވެ. އޭނާ ޝާރުދާ ކައިރިއަށް ދާނީ ތަންކޮޅެއް ފަހުން ކަމުގައި ބުނެފައެވެ.

ދަރިފުޅު ލޯމަތިން ގެއްލުމާއިއެކު މެހެނާޒުގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އަތުގައި އޮތް ފޯނުގެ އިސްކުރީނަށް ބަލާލުމާއިއެކު މަޑުމަޑުން އައިސް ސޯފާގައި އިށީނެވެ. ދެން ވެސް އޭނާއަށް ބެލެނީ ފޯނުގެ އިސްކުރީނާ ދިމާއަށެވެ. ގަޑިން ވީއިރެއް ބަލާލުމާއިއެކު ތުންފަތުގެ ދޭތެރެއިން “ޗޮކެއް” ކަނޑާލި ކަހަލަ އަޑެއް އިވިގެން ދިޔައެވެ. ދެން ފެނުނީ ފޯނުން ނަންބަރަކަށް ގުޅާލުމާއިއެކު ފޯނު ގެނެސް ކަންފަތާ ކައިރިކޮށްލިތަނެވެ.

“މިހާރު ދެން ފޯނު ނަގަންވެއްޖެ އެއްނު، އިއްޔެން ސުރެން ޚަބަރެއް ނުވޭ، އަހަރެން ކަންބޮޑުވާނެވަރު ހަމަ ނޭނގެނީތަ؟ ކޮންމެ ފަހަރަކު ބުނާނެ މަސައްކަތް މި ނިމެނީއޭ، ދެން ގިނަ ދުވަހެއް ނުވާނޭ… އަނެއްކާ! ޝުއައިބު! ނޫން، ނޫން… ދެރަގޮތެއް މެދުވެރިއެއްނުވާނެ، ބިޒީ ވިޔަސް އަހަންނަށް މެސެޖެއް ވިޔަސް ފޮނުވާލާ ނަމަ މިހާ ހާސްވެގެން އުޅޭކަށް ނުޖެހުނީސް، ޝުއައިބު، ކީއްވެތަ ފޯނު ނުނަގަނީ، ކިހާ ވަރަކަށް ގުޅިއްޖެ” ފޯނުގެ ފިތަށް އޮބާލުމާއިއެކު  އޭގެ އިސްކުރީނު ނިއްވާލި މެހެނާޒު އަމިއްލަ ނަފުސާ ވާހަކަދެއްކިއެވެ. ފިރިމީހާގެ ކަންކަމުގައި ސުވާލު އުފައްދާ ޝައްކު ކުރަން މެހެނާޒު ބޭނުންނުވިޔަސް އޭނާ މިހާރު އެ އިނީ ވަރަށް ބޮޑަށް ހާސްވެ ގޮތްހުސްވާ ގޮތްވެފައެވެ. ޝުއައިބު ދެކެ ވާ ލޯތްބަށް ބަދަލެއް ނާންނައިރު ލޯބިވާ ފިރިމީހާ އާއި ދުރުގައި އެހާ ގިނަ ދުވަހު ހުންނަން ޖެހުމުން މެހެނާޒު ވަނީ ވަރަށް ބޮޑަށް އެކަނިވެފައެވެ. އަމިއްލަ އިހުސާސްތައް އެހެން މީހުންނަށް ހާމަ ކުރުމަކީ އެއްވެސް އިރެއްގައި އޭނާ ކުރިކަމެއް ނޫނެވެ. އެހެންވެ ޝުއައިބު ނައިސް ލަސްވަނީ ކީއްވެތޯ މަލީކު ގާތުން އަހާލަން ބޭނުންވިޔަސް އެކަން ކުރާނެހާ ހިތްވަރެއް އޭނާގެ ނެތެވެ.

ސޯފާގައި ފިކުރު ކުރުމުގައި އިންނަތާ ވަގުތުތަކެއް ފާއިތުވި ފަހުން މެހެނާޒުގެ ޟަމީރު އޭނާއަށް ވިސްނައިދިނީ އެކަނި ގެތެރޭގައި އިންނަ ކަމުގައި ވަނީނަމަ އިތުރަށް އޭނާ ހާސްވެ ކަންބޮޑުވުން ނޫންކަމެއް ނުވާނެކަމުގައެވެ. ބޭރުކޮށްލި ފުންނޭވާއާއެކު މެހެނާޒު ތެދުވެގެން ހިނގައިގަތީ ޝާރުދާގެ ކައިރިއަށް ދިއުމަށެވެ. ފަހަރިއާ ވާހަކަދައްކާލާ އެގޭގައި އުޅެލަނިކޮށް އޭނާގެ އެކަނިވެރިކަން ކުޑަވެދާނޭ ހީކޮށެވެ.

“ޝީލާ! ޝީލާ!… އަހަރެން މިދަނީ ބޭބެމެންގެ ބަޔަށް، މަގުމަތީ ގޭޓު ތަޅުލާފައި ބަހައްޓާ، މީހަކު އައިސްފިއްޔާ އަހަންނަށް ގުޅާ” ގޭގައި ގެން ގުޅޭ މީހާއަށް ގޮވަމުން އައިސް ބަދިގެ ފަރާތަށް ވަން މެހެނާޒަށް ޝީލާ ފެނުމުން ބުނެލިއެވެ.

“މެޑަމް، މިރޭގެ ކެއުމަށް ތައްޔާރު ކުރަންވީ ކޯންޗެއްތޯ” އޮރެންޖުން ދިޔަ ފެލަން ހުރި ޝީލާ ބޯޖަހާލަމުން އަހާލިއެވެ.

“މިރޭ އަހަންނާއި ފަޒަލް ކާނީ އެ ގެއިން” މެހެނާޒު މިހެން ބުނުމާއިއެކު ބަދިގެ ފަރާތުގައި ހުރި ދޮރުން ގޯތިތެރެއަށް ނިކުމެގެން އައެވެ. އަދި ދެ ގެއަށް ހިޔާ އެޅޭ ގޮތަށް މަލީކުގެ ބައިގައި ހައްދާފައި ހުރި ބޮޑު ލުނބޯ ގަހާ ދިމާލުގައި ހުރި ދޮރު ހުޅުވާލާފައި އެ ގެއަށް މެހެނާޒު ވަނެވެ.

* * * *

އިޝާ ނަމާދުން ފައިބައިގެން އައި ޙައިދަރަށް ގޭ ދޮށުގައި ޖަހާފައި ހުރި ބޮކިދަނޑިތަކުން އަނދިރިއެޅިފައި އޮތް ދިމާލުގައި ދެ ޒުވާނުން ތިބިތަން ފެނުނެވެ. ގެއާ ކައިރިވި ވަރަކަށް އަންހެން ކުއްޖެއްގެ ހުނުމުގެ އަޑުއިވިގެން ދިޔައެވެ. ވަގުތުން އެއީ ކާކުގެ އަޑެއްކަން ޙައިދަރަށް ނަގައިގަނެވުނެވެ. އެ ދެ ޒުވާނުންނާ ދިމާއަށް ދިއުމުގެ ބަދަލުގައި ޙައިދަރު އަވަސް އަވަހަށް އައިސް ގެއަށް ވަނެވެ. އަދި ގޯތިތެރޭގައި ދެއަތް ފުރަގަހަށް ލައިގެން ދެކޮޅަށް ހިނގާލަހިނގާލާ ހުއްޓެވެ. އެހެންހުއްޓާ ދޮރޯށި ހުޅުވާލާފައި އެތެރެއަށް ވަން ސޮފޫރާ ދިޔައީ ސިއްސައިގެނެވެ.

“އެއީ ކާކު؟” ޙައިދަރުގެ އަޑުގައި ހުރި މަޑުމައިތިރިކަން ސޮފޫރާގެ ހިތް ބިރުގަންނަވާލިއެވެ. އޭނާ ދުވެފައި ގެއަށް ވަނީ ޙައިދަރު ގެއަށް ވަންތަން ފެނިފައެވެ. ޙައިދަރަށް އޭނާ ހުރިތަން ފެނުނީކަން ސޮފޫރާއަށް ޔަޤީންވިއެވެ. ޙައިދަރަކީ އެއްވެސް އިރެއްގައި ބާރަށް ހަޅޭލަވާ އަޑުގަދަކޮށް ވާހަކަދައްކާ މީހެއް ނޫނެވެ. އެކަމަކު ޙައިދަރުގެ ނިންމުމަކީ ބާރުގަދަ، ބަދަލުނުކުރެވޭނޭ ނިންމުންތަކެކެވެ. ސޮފޫރާ ޖެހިލުންވަނީ އެހެންވެއެވެ.

“ރައްޓެހިކުއްޖެއް” ހަޤީޤަތް ހާމަކުރަން ނުކެރިފައި ހުރެ ސޮފޫރާ ބުންޏެވެ.

“ސޮފޫރާ، ދަރިފުޅު ބޮޑުވެއްޖެކަން ބައްޕައަށް އެނގޭ، އެކަމަކު އަދި މީހަކާ އިންނަވަރެއްނުވޭ، ތިހެން އުޅެން ހަދައިގެން ވިޔާނުދާ މަގަކުން ދެވިދާނެ، އަންހެން ކުދިން އުޅެންވާނީ ވަރަށް ވިސްނައިގެން، ވަރަށް ބަލައިގެން، އެހެންނޫނީ ތިމާގެ އަބުރު އޮންނާނީ ނުހިފެއްޓިފައި، އެ ދުވަހުން ގެއްލޭނީ ހަމައެކަނި ދަރިފުޅުގެ ޤަދަރު އެކަންޏެއްނޫން، މައިންފައިންނަށް ވެސް އިނގިލިތައް ދިއްކުރާނެ، ބައްޕަ އުންމީދު ކުރަން ސޮފޫރާއަށް ވިސްނޭނެކަމަށް” ސޮފޫރާއަށް ޙައިދަރު ބަލާލިއެވެ.

ޖެހިލުންވެ އަނގައިން ބުނަން ނުކެރިފައި ހުރި ސޮފޫރާ އަވަސްއަވަހަށް ބޯޖަހާލިއެވެ. އެއާއެކު ޙައިދަރު އޭނާ ގާތުން އެދުނީ ގޭތެރެއަށް ވަނުމަށެވެ. ހަލުވިކޮށް ހިނގާފައި އައިސް ގޭތެރެއަށް ވަނުމާއިއެކު ސޮފޫރާގެ ފަހަތުން ޙައިދަރު ގެއަށް ވަނެވެ. އާދައިގެ މަތިން ޙައިދަރު އައިސް ސޯފާގައި އިށީނދެ ޓީވީ ބަލަން ފެށިއެވެ. ސޮފޫރާ އައިގޮތަށް ވަނީ އޭނާގެ ކޮޓަރިއަށެވެ. އޭރު އާތިޤާ ބަދިގެ ފަރާތުގައި ރޭގަނޑު ކާން ހަދަން ވާއިރަށް އެއްޗެހި ހޫނު ކުރަން އުޅެއެވެ. އޭނާ ހުރިހާ ކަމެއްކޮށް ނިންމާލެވުމާއިއެކު ޙައިދަރަށާއި ސޮފޫރާއަށް ކާން ގޮވިއެވެ.

ކާމޭޒު ދޮށުގައި އެންމެން ތިބިއިރު ސޮފޫރާ އިނީ އަނގައިން ބަހެއް ވެސް ބުނެނުލައެވެ. އާތިޤާގެ ކަންފަތާ ހަމައަށް މިރޭ ވީ ކަންތަކުގެ ޚަބަރު ފޯރާނެކަން އޭނާއަށް އެނގެއެވެ. އެހެންވެ އެކަމަށް ސޮފޫރާ ތައްޔާރުވެގެން އިން ކަހަލައެވެ. އާތިޤާ ދެތިން އެއްޗެއް ބުނެލުމުން ވެސް ސޮފޫރާ ގަޔާވާގޮތެއް ނުވިއެވެ. ޙައިދަރު ބުނާނެ އެއްޗެއް ނޭނގޭތީއެވެ. އަވަސްއަރުވާލާފައި ކައިނިންމާލަމުން ސޮފޫރާ އެންމެ ކުރިން މޭޒުދޮށުން ދުރަށް ހިނގައްޖެއެވެ. އެއާއެކު ޙައިދަރު އޭނާގެ ކޮއްކޮ އާތިޤާއަށް ގޮވާލިއެވެ.

“އާތިޤާ، އަހަންނަށް ފެންނަނީ ސޮފޫރާ ވެސް މާލެ ގެންދަން، ފަހަރެއްގައި އިތުރަށް ކިޔެވުމުގެ ޚިޔާލު އޭރުން ކޮށްފާނެ” ފިހިފެފައި އޮތް ފަރުމަހުން މަސްފިލުވަމުން ޙައިދަރު ބުންޏެވެ.

“ދޮންބޭ، ކިހާ ވަރަކަށް އަހަންނަށް ސޮފޫރާއަށް ވިސްނައިދެވިއްޖެ، އޭނާ ނުކިޔަވާނެ… ދެން އެންމެ ރަނގަޅުވާނީ މީހަކާ ދެވީމަ” ދަރިފުޅާ މެދު ހިތްހަމަނުޖެހުނު އާތިޤާ ބުނެލިއެވެ.

“ކޮންކުއްޖަކާތަ ސޮފޫރާ ވާހަކަ އެ ދައްކަނީ، ސޮފޫރާ ކަމެއް ކުރާކަން އާތިޤާއަށް އެނގޭތަ” ޙައިދަރު އަހާލިއެވެ.

“އާން! ތިކަމެއް ނުހުއްޓުވިގެން މިއުޅެނީ، އެއީ ކަންމަތީގައި އެހަރަ “ވާދީގޭ” ޖަމީލުގެ މެދަށް ހުންނަ ސޮރު، ސޮފޫރާއަށް ވުރެ މާބޮޑަށް ވެސް ދޮށިވާނެ، ރިސޯޓުގައި އުޅެފައި ވަޒީފާއިން ކެނޑިގެން އައިސް މިހާރު ހުންނަނީ ރަށުގައި، އެއްވެސް ހަރުދަނާކަމެއް ހުންނަ ސޮރެއްހެނެއް ހިޔެއްނުވޭ، ދޮންބޭބެއަށް ނޭނގުނަސް އެކަމެއް ހުއްޓުވަން އަހަރެން ހާދަ މަސައްކަތެއް ކޮށްފީމޭ، ދެން ޖެހޭނީ ހިލިހިލާ ޖަހަން، އޭރުން ހަމަގައިމު ވެސް މިގެއިން ބޭރަށް ފިޔަވަޅެއް އަޅާކަށް ސޮފޫރާއަކަށް ނުކެރޭނެ” އާތިޤާގެ މޫނުމަތިން ފާޅުވެގެން ދިޔައީ ގޮތް ހުސްވެފައިވާ މީހެއްގެ އަސަރުތަކެވެ.

“އެހެންވެއޭ މިބުނީ މާލެ ބަދަލުވާން، އޭރުން އަހަރުމެންގެ ގާތުގައި އަރުފީނު ވެސް ބެހެއްޓޭނެ، އަހަރެން ވެސް އަދި ބޭނުމެއްނޫން ސޮފޫރާ މީހަކާ އިންނާކަށް، އަރުފީނު ކިޔަވަން އުޅޭގޮތް ފެނި ސޮފޫރާ ވެސް ކިޔަވާ ހިތްޖެހިދާނެ، ޖަމީލުގެ އަދީބަކީ ރަނގަޅަށް ކިޔަވައިގެން ވެސް ހުރި ކުއްޖެއްނޫން، އަޙުލާޤު ވެސް އެހާ ރަނގަޅެއް ނުވާނެ، ސޮފޫރާއަށް ބޮނޑިއެއް ލިބުމުގެ ކުރިން އަހަރުމެން ވީ އަހަރުމެންގެ ދަރި ސަލާމަތްކުރަން” ޙައިދަރު ވެސް ސޮފޫރާގެ އުޅުމާމެދު ކަންބޮޑުވެއެވެ.

* * * *

“ހާދަ މަދުން ތިކެއީ” އަރުފީނު ކޭލެއް މަދުކަމުން ޝާރުދާއަށް ބުނެލެވުނެވެ. އެއާއެކު ލުއި ހިނިތުންވުމެއް ބަދަލުކޮށްލި އަރުފީނު އެތަނުން ދިއުމުގެ ހުއްދައަށް ޝާރުދާގެ ގާތުން އެދުނެވެ.

“ދޭ ތައްޔާރުވެލަން، އިރުކޮޅަކުން އަހަރެން ގޮވާލާނަން” ޝާރުދާ މިހެން ބުނުމުން އޭނާއަށް މޭޒު ދޮށުގައި އިން މެހެނާޒުގެ ސަމާލުކަން ލިބުނެވެ.

“ތައްޔާރުވެގެން ތަނަކަށް ދާންތަ ތި އުޅެނީ” މެހެނާޒު އަހާލިއެވެ. އޭރު ފަޒަލް އާއި ރުހައިލުގެ އިތުރުން އިޒްވާނާއި މަލީކު ވެސް މޭޒުދޮށުގައި ތިއްބެވެ.

“އަރުފީނަށް ބޭނުންވާ ބައެއް އެއްޗެހި ގަންނަންޖެހޭތީ ބާޒާރަށް ދާންވެގެން މިއުޅެނީ” ޝާރުދާ މާބޮޑުކަމަކަށް އެކަން ނުހަދާ ބުނެލިއެވެ.

“ސިސް ނުދިޔަޔަސް ވަރުޝާ ހުންނާނެ އެއްނު، އޭނާއަށް ވަރުޝާ ގޮވައިގެން ދެވޭނެ އެއްނު، މިހާރު ވަރުޝާއަށް އެނގޭނެ މާލޭ މަގުތަކުގައި އުޅެން” މެހެނާޒު ހައިރާންވެފައި އިނދެ ބުނެލިއެވެ. އޭނާ ދެކެނީ އަރުފީނަކީ އެމީހުންނަށް ވުރެ ދަރަޖައިގެ ގޮތުން ދަށް އަންހެން ކުއްޖެއް ގޮތުގައެވެ. އެހެންވީމަ އަރުފީނު އެމީހުންގެ ކަންކަމުގައި ބައިވެރިކޮށްގެން ނުވާނެއެވެ. އަރުފީނުގެ ކަންކަން ކުރާނީ ގޭގައި ތިބޭ ނޯކަރުންނެވެ. އެމީހުންނާއެކު އެއްމޭޒެއްގެ ދޮށަށް އަރުފީނު ކާން އަރާތީ ވެސް މެހެނާޒު ހިތްހަމަނުޖެހެއެވެ. އެކަމަކު އިތުރަށް އެކަމަށް ފާޑުނުކިޔުނީ މަލީކު މަނާ ކުރުމުންނެވެ. މަލީކު އާއި ޝާރުދާގެ ވިސްނުމާ މެދު މެހެނާޒު އެއްގޮތަކަށް ވެސް ގަޔާވާ ގޮތެއް ނުވެއެވެ.

“ނާޒް، ވަރުޝާއަށް ވުރެ މާލޭގެ ކަންކަން އަރުފީނަށް ކިޔައިދޭން ފަސޭހަވާނީ އަހަންނަކަށްނު، އޭނާ އަދި އެކަނި ބޭރަކަށް ނުދޭ، އެހެންވީމަ ފިހާރަތައް ދައްކާލަން ވެގެން، އޭރުން އެކަނި ދާން ޖެހުނަސް އެނގޭނީ” ޝާރުދާ ބުންޏެވެ.

“އަހަންނަށް ފެންނަނީ ނާޒް ވެސް ޝާރުދާއާއެކު ބޭރަށް ނިކުމެލަން، ގޭގަ އިނދެއިނދެ މޫޑު ގޯސްވަނީހެން ހީވަނީ” މަލީކު ސަމާސާކޮށްލިއެވެ. އެއާއެކު މޭޒު ދޮށުގައި ތިބި ކުދިން ހީނގަތް އަޑުއިވުނެވެ. މެހެނާޒު ލޯ އަޅާލުމާއިއެކު ކާން އިން ތައްޓަށް ނަޒަރު ހުއްޓާލިއެވެ.

ކެއުމުގެ ކަންކަން ނިންމާފައި މޭޒުމަތި ސާފުކުރުމަށް ވަރުޝާ ގާތުގައި ބުނެފައި ޝާރުދާ އައިސް އަރުފީނުގެ ކޮޓަރީގައި ޓަކި ދިނެވެ. ރީތިވާ މޭޒުކައިރީ ހުއްޓިލައިގެން ހުރި އަރުފީނު ހުރީ ޝާރުދާ އޭނާއަށް ދިން އެއްޗެހި ފެނިފައި ހައިރާންވެފައެވެ. ސެންޓުފުޅި ތަކާއި ބޮޑީ ސްޕްރޭ ފުޅިތަކުގެ އިތުރުން ޑިއޯޑޮރެންޓް ފުޅިތަކެވެ. ކޮޓަރީގައި ޓަކިޖެހި އަޑު އިވިފައި އަވަސް އަވަހަށް އަތުގައި ޖެހުނު ފުރަތަމަ ފުޅިން ގަޔަށް ސެންޓު ޖަހާލުމާއިއެކު އައިސް ދޮރު ހުޅުވާލިއެވެ. ޝާރުދާއަށް އަރުފީނު ފެނި ހިނިތުންވެލެވުނެވެ. އޭނާގެ ނޭފަތުގައި ހަރުލައިގެން ދިޔަ “ބީ ޑިލީޝަސް”ގެ ވަހާއި އަރުފީނުގެ ތެތްކަމާއިއެކު އޮމާންކޮށްލެވިފައިވާ އިސްތަށިގަނޑު ފެނިފައެވެ. ފިރިހެން ކުއްޖެގެ ގޮތް އޭނާގެ ހުއްޓެއްކަމަކު ކޮންމެވެސް ވަރެއްގެ އަންހެންވަންތަ ކަމެއް ވެސް ޝާރުދާއަށް ފާހަގަ ކުރެވުނެވެ.

“ހިނގާ ދަމާ” ހިނިތުންވެލައިގެން ހުރި ޝާރުދާ ބުނެލިއެވެ. އަރުފީނު، ޝާރުދާގެ ފަހަތުން ހިނގާފައި އައެވެ. އޭރު މެހެނާޒު ވެސް އެމީހުންނާއިއެކު ދިއުމަށް ބޮޑުކޮޓަރީގެ ދޮރުކައިރީ މަޑުކޮށްލައިގެން ހުއްޓެވެ. އެންމެން އެކުގައި ނިކުމެ ކާރަށް އެރިއެވެ. މާލޭގައި އަންހެން ކުދިންގެ އެއްޗެހި ވިއްކާ ފިހާރަތަކާ ދިމާލަށް ދަތުރުފެށިއެވެ.

އެކިއެކި ފިހާރަތަކަށް ވަންނަމުން ދިޔައިރު ޝާރުދާއަށް ތަފާތު ހިތްހަމަޖެހުމެއް ލިބިފައި ހުރި ކަހަލައެވެ. ހީވަނީ އަންހެން ދަރިއަކު ނަލަހައްދާލަން އޭނާއަށް ފުރުޞަތު ލިބިގެން އެކަމާ އުފަލުން ހުރި ހެނެވެ. ތަފާތު ވައްތަރުގެ ހެދުންތައް ލަމުން އެ ބާލަމުން ދިޔަ އަރުފީނު ހުރީ ހޫނުވެ ވަރުބަލި ވެފައެވެ. ޝާރުދާ އެހާ ވަރުން އޭނާއާ ހެދި އުޅޭތީވެ ކަންބޮޑު ވެސް ވެފައެވެ. އަނެއްކޮޅުން ޝާރުދާ، އަރުފީނަށް ކުރާ ޚަރަދު ފެނި މެހެނާޒު ހުރީ މޭނުބައިކޮށްފައި ހުރި ހެނެވެ. އެކަމާ އެއްޗެކޭ ނުބުނެއެއް އޭނާއަކަށް ނުހުރެވުނެވެ. ފިހާރައިގެ އެއްޗެހި ހެޔޮވަރުކުރާ ބަޔަށް އަރުފީން ވަނުމާއިއެކު މެހެނާޒު ޝާރުދާގެ އަތުގައި ހިފާ ދަމާލަމުން އޭނާގެ ގާތަށް ޖެހިލިއެވެ.

“ސިސް، ހާދަހާ އެއްޗެކޭ ތިގަނެދެނީ، އެންމެ ހެދުމެއް ދެ ހެދުމެއް ގަނެދިނަސް އެ ކަހަލަ އަންހެން ކުދިން ތިބޭނީ ނިކަން ފުދިގެން، ތިހެން ކަންތައް ކުރަނިކޮށް އޭނާއަށް، އޭނާގެ ފެންވަރު އޮޅިދާނެ” މެހެނާޒު ބުނެލިއެވެ. އެވަގުތު ހެދުން ހެޔޮވަރު ކުރަން ހުރި އަރުފީނަށް އެއަޑު އިވުނެވެ. ބޭރަށް ނިކުންނަން ނުކެރިފައި އަރުފީނު ހުރީ ގަނޑުވެފައެވެ.

“އަހަންނެއް ނުބުނަން އެއްޗެހި ގަނެދޭކަށް، އެހެންނޫނަސް އަހަރެންގެ ބައްޕައަށް އަހަރެން ބޭނުން ކޮންމެ އެއްޗެއް ގަނެދޭހާ ފެންވަރު އެބަހުރި، މި މީހުން ހީކުރަނީ ކީކޭ ކަމައްތަ؟ އަހަރުމެންނަކީ މީހުން ކައިރީ ސަލާންޖަހައިގެން އެއްޗެހި ހޯދާ ބައެއްކަމައްތަ؟ ފައިސާތައް ބައްކޮށްގެން ތިބީމަ ނިމުނީނު” އަރުފީނުގެ ހިތުގައި މެހެނާޒުގެ ވާހަކަތަކުން ރުޅިވެރިކަން އަނދައިގަތެވެ.

“ނާޒް، މީ އަހަރެން އަރުފީނަށް ކޮށްދޭހިތުން ކުރާކަމެއް، މި ގޮތަށް އަހަރެން ކިތަންމެ ބައިވަރެއް ޚަރަދު ކުރިޔަސް މަލީކު އެއްޗެއް ނުބުނާނެ” ޝާރުދާ ހިތްހަމަނުޖެފައި ބުނެލިއެވެ. މެހެނާޒުގެ ސަބަބުން އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އަދި އަރުފީނު ނުނިކުމެ ގިނައިރު ވާން ފެށުމުން ދޮރުގައި މަޑުމަޑުން ޖަހާލަމުން އަރުފީނަށް ގޮވާލިއެވެ. މަޑުމަޑުން ދޮރު ހުޅުވާލާފައި ލައިގެން ހުރި ހެދުން ދައްކާލުމަށް އަރުފީނު ބޭރަށް ޖެހިލުމުން ޝާރުދާ ހިނިތުންވެލިއެވެ.

“އަޅުގަނޑު އައީ ލާރި ހިފައިގެން” ހެދުން ނަގައިގެން ފައިސާ ކަނޑާ ކައުންޓަރުގެ ކައިރަށް އައިސް ޝާރުދާ ފައިސާ ދައްކަން އުޅުމުން އަރުފީނު، ޝާރުދާގެ އަތުގައި ކޮށްޓާލާފައި ބުނެލިއެވެ. އެއާއެކު ޝާރުދާއަށް އަރުފީނުގެ އެ ހަރަކާތުން ކަންތައްވީގޮތް ނަގައިގަނެވުނެވެ. މެހެނާޒު ދެއްކި ވާހަކަ އަރުފީނަށް އަޑުއިވުނީއެވެ. ޝާރުދާ، އަރުފީނުގެ އަޑެއް ނާހާ ފައިސާ ދެއްކުމަށްފަހު ފިހާރައިން ނިކުތެވެ.

“ދެން ހިނގާ ގެއަށް ދަމާ، މިހާރު އެގާރަ ޖަހަން އެ އުޅެނީ” މެހެނާޒު ބުނެލިއެވެ.

“ހެނދުނު ކުލާހަށް ދާންޖެހޭނެ” އަރުފީނު ވެސް މަޑުމަޑުން ބުނެލިއެވެ.

ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ހުރެ ވެސް ޝާރުދާ އެއްޗެއް ނުބުނެ ކާރާ ދިމާއަށް ހިނގައިގަތެވެ. ކާރުގައި ގެއާ ހަމައަށް އާދެވެންދެން ވެސް އެކަކު ވެސް އަނގައިންނެއް ނުބުނެއެވެ. މެހެނާޒަށް ބަލާލުމެއްނެތި ޝާރުދާ ކޮތަޅުތައް ހިފައިގެން އަރުފީނު ގޮވައިގެން އައިސް ގޭތެރެއަށް ވަނެވެ. އަދި އަރުފީނާއެކު އޭނާގެ ކޮޓަރިއަށް އައިސް ވަނެވެ. އަރުފީނުގެ އެނދުމަތީ ހުރިހާ ކޮތަޅެއް ބެހެއްޓުމާއިއެކު ޝާރުދާ ފުންނޭވާއެއް ލިއެވެ. އަދި އަރުފީނާ ގާތަށް ޖެހިލާފައި އޭނާގެ ކޮނޑުގައި އަތްޖައްސާލަމުން ޝާރުދާ ވާހަކަދެއްކިއެވެ.

“ތަފާތު ޚިޔާލުގެ މީހުން އުޅޭނެ، މީހުން ކިޔާހާ އެއްޗަކާމެދު އަރުފީނު ވިސްނާކަށް އަހަރެން ބޭނުމެއްނޫން، މި ހުރިހާ އެއްޗަކީ ވެސް އަހަރެން އަރުފީނަށް ދޭހިތުން ދިން އެއްޗެހި، ކޮންމެހެން އަރުފީނު ނިކަމެތިކޮށްލުމުގެ ބޭނުމަކު ނޫން، އެހެން އަރުފީނަށް ހީވެއްޖެއްޔާ އަހަރެން މާފަށް އެދެން” ޝާރުދާގެ އަޑުގައި ހުރި އޯގާތެރިކަމުން އޭނާއާ މެދު ގޯސްކޮށް ވިސްނާކަށް އަރުފީނުގެ ޟަމީރު ތަނެއް ނުދިނެވެ.

“ތެންކިއު، ހުރިހާ ހެދުން ވެސް ވަރަށް ރީތި، ތެންކިއު ވަރަށް ބޮޑަށް” އަރުފީނު ބޭނުންވީ ޝާރުދާގެ ހިތްހަމަޖައްސާލަދޭށެވެ.

“އަން! މީ އަހަންނަށް އެންމެ ރީތިވި ހެދުން، މާދަމާ ކުލާހަށް ދާނީ މިހެދުން ލައިގެން އިނގޭ” ކަރުދާސްކޮތަޅެއް ނަގާ އަރުފީނަށް ދިއްކޮށްލަމުން ޝާރުދާ ބުނެލިއެވެ. އަދި އަރުފީނު ބޯޖަހާލުމުން އޭނާގެ ކޮނޑުގައި ފިރުމާލާފައި ޝާރުދާ އެ ކޮޓަރިން ނިކުމެގެން އައެވެ.

އަރުފީނުގެ ކޮޓަރިން ނިކުމެގެން އައި ޝާރުދާ ލައިބްރަރީ ކުރިމަތިން ހުރަސް ކަނޑާލި ވަގުތު މެހެނާޒުގެ އަޑުއިވުނެވެ. ފަހަތަށް ފިޔަވަޅެއް އަޅާލުމާއިއެކު ލައިބްރަރީގެ ތެރެއަށް ބޯދިއްކޮށްލިއެވެ. އޭރު ފޮތެއް ހުޅުވާލައިގެން އިން މަލީކު އިށީނދެ އިން މޭޒުގެ އަނެއް ފަރާތުގައި ދޮރަށް ފުރަގަސް ދީގެން މެހެނާޒު ހުއްޓެވެ. އޭނާ ދައްކަމުން ދިޔަ ވާހަކަ އަޑުއަހާލުމުގެ ޝައުގުވެރިކަމާއެކު އެތެރެއަށް ވަނުމުގެ ބަދަލުގައި ޝާރުދާއަށް ދޮރުމަތީ ހުއްޓިލައިގެން ހުރެވުނެވެ.

“އެގޮތަށް އޭނާ މިގޭގައި ގެންގުޅެން ވެއްޖެއްޔާ ދެން ފެންނާނީ އަހަރުމެންގެ ބޮލަށް ސަވާރުވެ އިންދާ، އަނެއްކާ ގޭގައި މިއުޅެނީ ހުސް ވެސް ފިރިހެން ކުދިން، ބޭބެ ބޭނުންވަނީތަ އެކަހަލަ ކުއްޖަކު ޅީދަރިއަކަށް ހަދަން، އަހަންނަށް ހީވަނީ ޝާރުދާ ސިސް އެއުޅެނީ އެގޮތް ބޭނުންވެގެން ހެން…” މެހެނާޒުގެ ނުރުހުމުގެ އަޑު ސާފުކޮށް ޝާރުދާއަށް އިވުނެވެ.

“ޝާރުދާ އެހެން ވިސްނާފައެއް ނޫނޭ ކަންތައް އެ ކުރަނި، އަހަންނަށް ހީވަނީ ނާޒްއަށް އަދި ވިސްނޭގޮތް ރަނގަޅެއް ނޫންހެން، އަހަރެންގެ ޅީދަރިއަކަށް މިވަގުތު ވާން އުޅެނީ ޝެރީލް އެކަނި، ރުހައިލު އަދި އެފަދަ ކަމަކާ ނުވިސްނާ، އެހެންނޫނަސް ނާޒް ތި ހީކުރާ ކަހަލަ ކަމެއް އަރުފީނުގެ ފަރާތުން ފެންނާނެއެކޭ އަހަރެންގެ ހިތެއް ނުބުނޭ” މަލީކުގެ ވާހަކައިން ޝާރުދާއަށް ހިތްވަރު ލިބުނެވެ. އެއާއެކު އެތެރެއަށް އަޅާލި ފިޔަވަޅާއިއެކު ޝާރުދާ ވާހަކަދައްކަން ފެށިއެވެ.

“އަހަރެންގެ ޅީދަރިއަކަށް އަރުފީނެއް ނުވާނެ، ނާޒް… އަހަރެން އެ ކުއްޖާއަށް ކަންކަން ކޮށްދެނީ ކޮންމެގެން އޭނާ މިގޭގައި ބަހައްޓަން ބޭނުންވެގެނެއްނޫން، އެކަމަކު މިގޭގައި ހުންނަ ދުވަސްކޮޅުގައި އޭނާއަށް ހެޔޮކޮށް ހިތުމުގެ ބޭނުމުގައި، މިގޭގައި ހުންނަ މުއްދަތުގައި އޭނާގެ ޒިންމާތަކަށް ފަރުވާކުޑަކުރަން ބޭނުންނުވާތީ، އަހަރެން ކުޑަކޮށް ވެސް ވިސްނިކަމެއް ނޫން އެއީ އަރުފީނު މިގޭ ކުއްޖަކަށް ހެދުން، އަހަންނަށް ވެސް އެނގޭ މިގޭގައި މިއުޅެނީ ފިރިހެން ކުދިންކަން، އެވަރު އަހަރެން ވެސް ހަނދާންނައްތައެއް ނުލަން، އަރުފީނަކީ މިއުޅޭ އެހެން އަންހެން ކުދިން ކަހަލަ ކުއްޖެއް ނޫން، އޭނާ ފިރިހިނެއް ފެންނައިރަށް އެމީހެއްގެ ފަހަތަކުން ނުދުވާނެ، އެކަމާ ނާޒް ކަންބޮޑުނުވޭ… އަހަރެން ޔަޤީންކަން މިދެނީ އޭނާ މިގޭ ކުއްޖަކާ ނުގުޅޭނެކަން” ޝާރުދާގެ އަޑުއިވުމުން މެހެނާޒު ހުރީ ކުޑަކޮށް ސިހިފައެވެ.

“އަހަރެން ބުނީމެއްނު ޝާރުދާ ވިސްނާނެއޭ ހުރިހާ ކަމަކާ” މަލީކަށް ޝާރުދާގެ ވާހަކައަޑު އިވުމުން ބުނެލިއެވެ. މެހެނާޒު އިތުރަށް އެތަނުގައި މަޑުނުކޮށް ބޭރަށް ނިކުތެވެ. ޝާރުދާ އައިސް މަލީކުގެ ކޮނޑުގައި ފިރުމާލަމުން ލޯތްބާއިއެކު ހިނިތުންވެލިއެވެ.

“ނާޒް ކޮންމެ އެއްޗެއް ކިޔަސް ޝާރުދާ، އަރުފީނަށް ހެޔޮވީމަ އަހަރެން ވަރަށް އުފާވޭ، އެ ކުއްޖާ އެނބުރި އޭނަގެ މައިންބަފައިން ގާތަށް ދާނީ އަހަރުމެންގެ މައްޗަށް ބުރަހިތެއް ނުބާއްވާ، އެއީ އަހަރެން ބޭނުންވާ ގޮތް، އަހަރުމެންނޭ ކިޔައިގެން ޝަކުވާ ކުރާ އަޑު ނީވުން…” ކޮނޑުގައި އޮތް ޝާރުދާގެ އަތް ގެނެސް މަލީކުގެ ދެއަތުގެ ތެރެއަށް ލަމުން އޭނާ ބުނެލިއެވެ.

“ދެން ހިނގާ ކޮޓަރިއަށް، ފަތިހު ހޭލަން ވެސް ޖެހޭނެ އެއްނު” ރަކި ހިނިތުންވުމަކާއިއެކު ޝާރުދާ ބުނެލިއެވެ.

* * * *

އާދުވަހެއްގެ ތާޒާކަމާއި އާރޯކަން ގޯތިތެރޭގެ ގަސްތަކާއި މާތަކަށް ވެރިވެފައި އޮތެވެ. ވިނަގަނޑު މަތީ މާގަސްތައް ކައިރީ ހުރި މޭޒުގެ ދޮށުގައި ޝާރުދާ އިނީ ވީކްލީ މެގަޒިން ކިޔާށެވެ. ރުހައިލް އާއި ފަޒަލް ނިކުތްތަން ފެނި މެގަޒިން މޭޒުމަތީ ބާއްވާލާފައި ޝާރުދާ ތެދުވިއެވެ.

“ކޮބާ އަރުފީނު؟” އެހެންޏާ އެންމެ ކުރިން ނިކުންނަ އަރުފީނު މިއަދު ނުފެނުމުން ޝާރުދާ ދަރިފުޅުގެ ގާތުން އަހާލިއެވެ.

“ނޭނގެ، ކާރަށް ނާރާތަ؟” ގޭޓާ ދިމާލަށް ބަލާލި ރުހައިލު ބުނެލިއެވެ.

“އަދި ނުނިކުމޭ” ކުދިން ސައިބޮއެގެން ތައްޔާރުވާން ދިއުމުން ގޯތިތެރެއަށް ނިކުމެ އިން ޝާރުދާއަށް އަރުފީނު ނުފެންނާތީ ބުނެލިއެވެ. ރުހައިލު އާއި ފަޒަލް ގޭޓާ ދިމާލަށް ހިނގައިގަންނަމުން އެކަކު އަނެކަކަށް ބަލާލިއެވެ.

“މިއަދު ނުދަނީ ކަންނޭނގެ، ނަސީބެއްނު” ރުހައިލު ބުނެލިއެވެ.

“ނޫން! އަރުފީނު ނުދަންޏާ މަށަށް ވަރަށް ގެއްލުން ދައްކާނެ” ފަޒަލް ބުނެލިއެވެ. ރުހައިލަށް އިތުރު ހައިރާންކަމެއް ލިބިގެން ދިޔައެވެ.

“މަށަށް ނޭނގޭ ކަމެއް ކަލޭމެން ދެމީހުން ދޭތެރޭގައި ހިނގަނީތަ؟ މިލާން ކަންތައް ހުއްޓާލީތަ؟” ރުހައިލު އަވަސްއަވަހަށް އަހާލިއެވެ.

“ތި ހީކުރާ ކަހަލަ ކަމެއްނޫން، އެކަމަކު އެއީ ސީކްރެޓްއެއް” ލާނެތްގޮތަކަށް ފަޒަލް ހީނގަންނަމުން ބުނެލިއެވެ. އެއާއެކު ފަޒަލްގެ ކޮނޑަށް އަތްވަށްޓާލި ރުހައިލު އުޅުނީ ގަދަކަމުން އެއީ ކޮންކަމެއްކަން ފަޒަލް ލައްވާ ބުނުވާށެވެ. ދެކުދިން ހިފައިގަންނަމުން އައިސް ކާރަށް އެރިއެވެ.

ދެފަރާތުން އަތްވިއްދާލައިގެން ހުރި ޝާރުދާގެ ނަޒަރު ހުރީ ބޮޑުކޮޓަރީގެ ދޮރާ ދިމާލަށް ހުއްޓިފައެވެ. އަރުފީނު ނުނިކުމެގެން ލަސްވެފައި ހުރި ހެންނެވެ. އަތުކުރީ އޮތް ރިހިކުލައިގެ ހިމަ ގަޑިއަށް ބަލާލުމަށްފަހު ކުރިއަށް ހިނގައިގަތެވެ. އެހިނދު ދަބަސް އަޅުވާލައިގެން ހުރެ އަރުފީނު ނިކުތްތަން ފެނުނެވެ. ވަގުތުން ޝާރުދާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ.

“ވަރަށް ރީތި، އަރުފީނާ ވަރަށް ގުޅޭ” ޝާރުދާ ބުނެލިއެވެ.

ބިސްތޮށިކުލައިގެ ޝިފޯން ފޮތީގެ ދޫ ޓޮފުކޮޅާއި ގަދަ ޗޮކުލެޓު ކުލައިގެ ސްކިނީގައި އަރުފީނު ފެންނަނީ އަންހެން ވަންތަކޮށެވެ. އިސްތަށިގަނޑު ރީތިކޮށް އޮމާކޮށްލާފައި ހުރިއިރު ނިތްކުރިމައްޗަށް ކުޑައިސްތަށިކޮޅެއް ވެއްޓިފައި ހުއްޓެވެ. ހާސްވެފައި ހުރި ގޮތަކަށް އަރުފީނު ހިނިތުންވެލަން މަސައްކަތް ކުރިއެވެ. އާންމުކޮށް ނުލާ ހެދުމެއް ލުމުން އަރުފީނަށް ހީވަނީ އޭނާގެ ގައި ހިރުވާހެނެވެ. އެހެންވިޔަސް ޝާރުދާގެ ހިތްހެޔޮކަމުން އޭނާގެ ހިތްހަމަޖައްސައިދޭން އަރުފީން ބޭނުންވީއެވެ. އަރާފައި ހުރީ ތިރިތިރި ބޫޓަކަށް ވިޔަސް އޭނައަށް ހިނގަން އެހާމެ އުނދަގުލެވެ.

“ރީތި ދަބަހެއް ދެން ގަންނަންވީ” ޝާރުދާ ބުނެލިއެވެ. އަދި އައިސް އަރުފީނުގެ އަތުގައި ހިފައިގެން ކާރާ ދިމާލަށް ދިޔައެވެ. އެ ވަގުތު ކާރުގައި ތިބި ދެ ޒުވާނުންނަށް ޝާރުދާއާއެކު އަންނަ އަރުފީނު ފެނި ބަސްހުއްޓުނެވެ.

“ޑޭމްޑް… އެއީ އަންހެން ކުއްޖެއްކަން މިއެނގުނީ އަދިކިރިޔާ”

ކާރުގެ ފަހަތު ސީޓުގައި އިން ފަޒަލް، ރުހައިލުގެ ކޮނޑުގައި ހިފާ ގެނެސް ސީޓުގައި އޭނާގެ ބުރަކަށި ތަތްކޮށްލަމުން މަޑުމަޑުން ބުނެލިއެވެ. ފަޒަލްގެ އެ ބަސްތަކުން އިތުރަށް ރުހައިލު ހައިރާން ވިއެވެ. ފަޒަލް އޭނާއަށް ކަމެއް ސިއްރުކުރާކަން އެނގެއެވެ. އެ ސިއްރާއި އަރުފީނާ ވެސް ގުޅުމެއް އެބައޮތެވެ. އެކަމަކު ހަޤީޤަތް ހޯދަން ހަދާނެ ގޮތެއް ރުހައިލަކަށް ނުވިސްނުނެވެ. ސިކުނޑީގައި އެތައް ސުވާލެއް ފުނިޖެހުމާއިއެކު ޖެހިގެން އިން ފަޒަލްއަށް ރުހައިލު ލޯހިމަކޮށް ބަލާލިއެވެ. އެހިނދު ފަޒަލް ލާނެތް ހިނިގަނޑެއް ޖަހާލީ ރުހައިލުގެ ސިކުނޑީގައިވަނީ ކީކޭކަން އެނގޭ ކަހަލަ ގޮތަކަށެވެ.

ފުރަތަމަ ޔުނިވަރސިޓީއަށް އައި ދުވަހު ހާސްނުވާވަރަށް މިއަދު އަރުފީނު ހުރީ ހާސްވެފައެވެ. އޭނާގެ ބޮޑު ދެ ލޯ ވަކިން ބޮޑުކޮށްލައިގެން ހުރެ ކާރުން ފައިބައިގެން ހަލުވިކޮށް ކުލާސްރޫމުތައް ހުރި އިމާރާތާ ދިމާއަށް ހިނގައިގަތެވެ. ހަމަ އެ ވަގުތު ކާރުން ފޭބި ފަޒަލް ވެސް ރުހައިލަށް ބަލާލުމެއްނެތި އަރުފީނުގެ ފަހަތުން ދުއްވައިގަތެވެ.

“އަރުފީން… އަރުފީން…” މާ ބާރަށް އަރުފީނު އަރައިގެން ދާން ފެށުމުން ފަޒަލް ގޮވާލިއެވެ.

ބުރަކަށީގައި އަޅުވާލާފައި އޮތް ލެޕްޓޮޕް ދަބާއިއެކު ޔުނިވަރސިޓީ ގޭޓު ކުރިމަތީ މަޑުކޮށްލައިގެން ރުހައިލު ހުރީ ކުރިއަށް ހިނގައިގަންނަން ވެސް ނޭނގިފައެވެ. އޭނާ ސިހުނީ ގޭޓުން އެތެރެއަށް ވަންނަމުން ދިޔަ ކުދިންތަކުގެ ތެރެއިން ކުއްޖަކު އޭނާގެ ގައިގާ ޖެހިލާފައި އެތެރެއަށް ވަދެގެންދިޔަ ވަގުތުއެވެ. ދެބުމައަރުވާލަމުން ދެފަރާތަށް ބަލާލާފައި ރުހައިލު ކުރިއަށް ހިނގައިގަތެވެ. އޭނާ ކުޑަކޮށް ދުވެލާފައި އަރުފީނުގެ ކުލާހާ ދިމާއަށް އައެވެ. އެ ކުލާހަށް ނުވަދެވެނީސް ރުހައިލަށް ދެން ފެނުނީ ވަރަށް ހިނިއައިސްފައި ހުރެ ފަޒަލް އެ ކުލާހުން ނިކުންނަނިކޮށެވެ.

“ހޭ ބަޑީ… ހިނގާ ދާން” ރުހައިލު ފެނުމުން ފަޒަލް ބުނެލިއެވެ. ފެނުނު ކަމަކީ ޤަބޫލުކުރަން ދަތިކަމެއްކަމުގައިވީ ހަމައެކަނި ރުހައިލަށެވެ. ފަޒަލްގެ އުޅުމަށް ބަދަލެއް އައިސްފިހެން ހީވީ ވެސް ރުހައިލަށެވެ.

“ފަޒަލް، ކަލެއަށް އަރުފީނުގެ ކޮންސިފައެއް ފެނިގެން އޭނާގެ ފަހަތުން ދާންޖެހުނީ، ރީތި ހެދުން ލީމާ ރީތިވާނީ ވެސް މީހާގެ ގައިގާ ރީތިކަމެއް ހުރި ނަމައެއްނު، މަ ހަމަ ހައިރާންވެ އަންތަރީސްވެއްޖެ، ފަޒަލް، ހޭވް ޔޫ ގޯން އިންސޭން…” ކުލާހާ ހަމައަށް ދެ އެކުވެރިން ހިނގަމުން ދިޔައިރު ރުހައިލު ބުނެލިއެވެ. އަދި ދެފަރާތަށް ބޯހޫރާލީ އޭނާގެ އެކުވެރިޔާއަށް ނުވިސްނެނީއޭ ހިތާއެވެ.

“އައި އެމް ނޮޓް ކްރޭޒީ، އަރުފީނު ކޮންމެ ސިފައެއްގައި ހުއްޓަސް އަހަންނަށް ކީއްތަ” ފަޒަލްގެ ވާހަކަ ހުރި ގޮތެއް ރުހައިލަކަށް ނުވިސްނުނެވެ. ޒަމާންވީ އެކުވެރިކަމުގައި ސިއްރުކުރަންޖެހޭވަރުގެ ކަމެއް އޮވެދާނެ ކަމަކަށް ރުހައިލު ނުދެކެއެވެ.

ލިބުނު ހުސްވަގުތުގައި ހުރިހާ ކުދިންތައް ފެންނަނީ ކެފެޓީރިއާގެ ކައިރިއަށް ޖަމާވެފައިވާތަނެވެ. ހަމައެއާއެކު ޔުނިވަރސިޓީގެ ގޯތިތެރޭގައި ކިޔަވާކުދިންނަށް މަސައްކަތް ކުރެވޭނޭހެން ހުރި ބެންޗުތަކުގައި ވެސް އެތައް ކުދިންނެއް އޮލަވާހަކައިގައި ތިއްބެވެ. ފަޒަލް މާރސް ޗޮކުލެޓެއް ގަނެގެން އައިސް ރުހައިލު އިށީނދެގެން އިން ބެންޗުގައި އިށީނުމާއިއެކު އޭނާގެ އަތުގައި އޮތް ޗޮކުލެޓު ރުހައިލު އަތުލިއެވެ. އަދި އެއިން އެތިކޮޅެއް ކާލުމާއިއެކު ޗޮކުލެޓު އަނބުރާ ފަޒަލްއަށް ދިއްކޮށްލިއެވެ. އޭރު ބެންޗުގައި ދެ ކުދިން ވެސް މަސައްކަތެއް ކުރުމަށް ލެޕްޓޮޕު ހުޅުވާލާފައި ހުއްޓެވެ.

“ހައި ފަޒަލް… ހައި ރުހައިލް، އަހަރުމެން މިތާ އިށީންނަންތަ”

ހިނިތުންވެލައިގެން ހުރި ވިޝާކާގެ އަޑު ފަޒަލްއަށް އިވުމުން ބަލާލިއެވެ. އޭރު އޭނާގެ ގާތުގައި މިލާން ވެސް ހުއްޓެވެ. ފަޒަލް ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލުމުން ވިޝާކާ އޭނާގެ ދަބަސް ގޮނޑި ކައިރީ ވިނަގަނޑުމަތީ ބަހައްޓާލުމާއިއެކު ރުހައިލްއާ ޖެހިގެން އިށީނެވެ. އެހެންވެ މިލާންއަށް ޖެހުނީ ފަޒަލްގެ ގާތުގައި އިށީންނާށެވެ. އެ ދެކުދިން ވެސް ލެޕްޓޮޕްނަގާ ބަހައްޓާލިއެވެ. އެ ހުރިހާ އިރު ރުހައިލު އިނީ އޭނާގެ މަސައްކަތަށް ގެއްލިފައި އިންހެނެވެ. އޭނާ މިލާންއަށް އަވަސް ނަޒަރެއް ދެމުން ހިނިތުންވެލި އިރު އެތަނުގައި ވިޝާކާ އިންކަން ނުވެސް އެނގޭ ކަހަލައެވެ. އެއްޗެއް ނުބުނިތަނުގައި ވިޝާކާއަށް ބަލާލަން ވެސް ރުހައިލު ބޭނުންނުވީއެވެ.

ޔުނިވަރސިޓީގެ ފުރަތަމަ ހަމަސްދުވަހުގައި ކިޔަވަންޖެހުނު މާއްދާގައި އެއްކުލާހެއްގައި ހަތަރު ކުދިން ކިޔަވަން ޖެހުމަކީ ވިޝާކާގެ ހިތް ރުހައިލުގެ މައްޗަށް ވީއްލިގެން ދާން މެދުވެރި ސަބަބެވެ. ވިޝާކާގެ ހިތުގައިވާ އެއްޗެއް ރުހައިލަށް ހާމަކުރުންވީ އެ ދެމެދުގައި އޮތް ރަޙުމަތްތެރިކަމުގައި އެންމެ ފަހު ސިއްކަ ޖެހުނު ދުވަސްމެއެވެ. އޭގެ ފަހުން ރުހައިލަށް ވިޝާކާ ފެނުނު ކަމުގައި ވިޔަސް ނުފެންނަކަމަށް ހަދަނީއެވެ. ވާހަކަދައްކަނީ ވިޝާކާ އިސްވެ އެއްޗެއް ބުނެފިނަމައެވެ. ހިތުގައި އޮތީ ލޯބި ކަމުގައި ވިޔަސް އެ އިހުސާސްތައް ހިތުގެ އެންމެ އަޑީގައި ފޮރުވާލަމުން ގެއްލުނު ރަޙުމަތްތެރިކަން ހޯދަން ވިޝާކާ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ރުހައިލާއި އޭނާއާ ދެމެދުވަނީ ބުނެދޭން ނޭނގޭ ދުރުކަމެއް ވެރިވެފައެވެ.

“ވިޝް… ތި މީހުންގެ އެސައިންމެންޓެއް ޑިއުވަނީތަ؟” ވެރިވެފައި އޮތް ނުތަނަވަސްކަމުގެ ހިމޭންކަން ނެތިކޮށްލީ ފަޒަލްއެވެ.

“ހޫމް! ފަޒަލްމެން ވެސް އެސައިންމެންޓުގެ މަސައްކަތް ދޯ ތިކުރަނީ، މި ދުވަސްކޮޅު އެންމެން ވެސް އެ އުޅެނީ އެއްކަމަކާ، އެހެންވެ މިތާ ކޮމްޕައުންޓު ފުރިފަ މިއޮތީ” ވިޝާކާ ބުނެލިއެވެ.

“މިއްމިގެ އެސައިންމެންޓް ނިމިއްޖެތަ”

މިލާންއާ ގާތްވެލުމުގެ ގޮތުން ފަޒަލް، އޭނާއާ ދިމާއަށް ބޯއަރިކޮށްލަމުން މިލާންގެ ލެޕްޓޮޕަށް ބަލާލިއެވެ. އަދި އަނެއްފަހަރު މިލާންގެ މޫނަށް ބަލާލިއެވެ. އެ ދެލޮލުގައިވާ މަޑުމުށިކުލައިގެ ކަޅިއާ ނަޒަރު އަމާޒުވެގެން ދިޔަ ވަގުތު އެ ދެލޮލުގެ ފުންކަމުގެ ތެރެއަށް ޣަރަޤުވެގެން ހިނގައިދާނޭ ފަދަ އިހުސާސެއް ފަޒަލްއަށް ކުރުވިއެވެ. ހުވަފެނީ އާލަމެއްގައި އިނދެވުނު ފަޒަލްގެ ކަންފަތުގައި ހިތްގައިމުކަމާއި ފޮނިކަން އެކުލެވިގެންވި މިލާންގެ ލުއިލުއި ރަކި ހީނލުމުގެ އަޑު ޖެހުނެވެ.

“ޕްލީޒް ފަޒަލް… ކޯންޗެއްތަ ތި ބަލަނީ” މިލާން މިހެން ބުނުމާއިއެކު ރުހައިލުގެ ސަމާލުކަން ވެސް އެކަމަށް ހުއްޓުނެވެ.

“މިއްމި ރީތި ވާހަކަ އެކަކު ވެސް ބުނިތަ” ލިބުނު ފުރުޞަތާއެކު ފަޒަލް ބެލީ މިލާންއާ ވާހަކަދައްކާ ލެވޭތޯއެވެ. އެ ހިތުގައި އޮތް އެއްޗެއް އޮޅުންފިލުވުމުގެ ޝައުގުގައެވެ.

“ތި ބުނީނު” ލެޕްޓޮޕުގެ އިސްކުރީނަށް ނަޒަރު ހުއްޓާލައިގެން އިނދެ މިލާން ބުންޏެވެ.

ފަޒަލް އޭނާގެ ވާހަކަތައް ކުރިއަށް ގެންދިޔައެވެ. އެހެންނަމަވެސް ވިޝާކާ އިނީ ރުހައިލްއާ ވާހަކަދައްކަން ބޭނުންވެ އެކަމަކު ފަށާނީ ކީކޭ ކިޔާފައިކަމެއް ނޭނގިފައެވެ. ހަމައެގޮތަށް ރުހައިލު ވެސް އިނީ އޭނާގެ ގާތުގައި ވިޝާކާ އިނުމުން އުނދަގޫވެފައެވެ. އޭނާ ކުޑަކޮށް ވެސް ވިޝާކާއާ މެދު ނުވިސްނައެވެ. ހިތުގައި އެ އަންހެން ކުއްޖާއަށް އެއްވެސް ޚާއްޞަކަމެއް ދެވިފައެއް ނެތެވެ. ހަޔާތުގައި މިހާތަނަށް އައިއިރު ވެސް ރުހައިލުގެ ހިތުގެ ވިންދު އަވަސްކުރުވާވަރުގެ އަންހެންކުއްޖަކާ ދިމައެއްނުވެއެވެ. އެ އަންހެންކުއްޖާ ޚާއްޞަވުމަށް އޭނާގެ ހުންނަން ޖެހޭނީ ކޮންކަހަލަ ސިފަތަކެއްކަން ވެސް ޚުދު އޭނާއަށް ވިސްނައިގަންނާކަށް ނޭނގެއެވެ. ވިސްނަން ބޭނުން ވެސް ނުވަނީއެވެ. ފަހަރެއްގައި ވެސް އަންހެންކުދިން ކަމުނުދާތީއެއް ނޫނެވެ. ވަގުތު ނުޖެހެނީއެވެ.

ކުލާހުން ނިކުންނަން އައި އަރުފީނަށް އޭނާއާއެކު އެ ކުލާހުގައި އުޅޭ ޒީނާ ގޮވާލިއެވެ. އަދި އައިސް ގާތުގައި ހުއްޓިލަމުން އަރުފީނަށް އައިސްފައި ހުރި ބަދަލާމެދު ސުވާލުކުރިއެވެ. ހަމައެއާއެކު އޭނާ ފެންނަލެއް ރީތިކަމުގެ ވާހަކަ ވެސް ޒީނާ ބުނެލިއެވެ. އަމިއްލައަށް އޭނާގެ ތަޢާރަފެއް އަރުފީނަށް ދެމުން ޒީނާ ކުލާހުގެ މަސައްކަތުގެ ވާހަކަ ދައްކަން ފެށިއެވެ. ހައިރާންވިކަމަކު އަރުފީނު އުފާ ވެސް ވިއެވެ. އޭނާގެ ފުރަތަމަ އެކުވެރިއެއްގެ ގޮތުގައި ޒީނާ ދެކެވުނެވެ. އެހެން ކުދިން ބުނާނެ އެއްޗަކަށް ވިސްނުމެއްނެތި ޒީނާ، އަރުފީނާ ވާހަކަދައްކަމުން ދިޔައީ ގާތް ރަޙުމަތްތެރިކަމަށް ބޭނުންވާ މީހަކުހެންނެވެ. ޒީނާ އޭނާގެ ފޯނު ނަންބަރު ދިނުމާއެކު އަރުފީނުގެ ފޯނު ނަންބަރު ވެސް އޭނާގެ ފޯނުގައި ރައްކާކޮށްލިއެވެ. ކަމެއްޖެހިއްޖެނަމަ ގުޅާލެވެނީ ވެސް ނަންބަރު އޮތުމުން ކަމުގައި ޒީނާ ބުންޏެވެ.

“ފަޒްމެންނާއެކު އަރޫ ފެންނަނީ، އެގޭގައި ދޯ އުޅެނީ”

އަރުފީނުގެ ނަން ކުރުކޮށްލާފައި ޒީނާ މުޚާޠިބުކުރުމުން ބޭއިޚްތިޔާރުގައި އަރުފީނުގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ. އަދި ބޯޖަހާލީ ޒީނާ އެ ބުނީ “ފަޒަލް”ގެ ވާހަކަކަން އެނގިގެނެވެ. ޔުނިވަރސިޓީގައި މާލޭގެ މަޝްހޫރު ޢާއިލާތަކުގެ ކުދިން އުޅޭއިރު އެތަނުން ރުހައިލާއި ފަޒަލްއަކީ އެ ގުރޫޕުގައި ހިމެނޭ ދެ ނަމެވެ. ޔުނިވަރސިޓީގައި އުޅޭ ރީތީގެ ފިރިހެނުންގެ ލިސްޓުގައި އެ ދެ ނަން ހިމެނޭކަން މާކުރިން ވެސް އަރުފީނަށް ވަނީ އެނގިފައެވެ. އެހެންވެ އަންހެންކުދިންގެ ދޫތަކުން ރުހައިލުގެ ނަމާއި ފަޒަލްގެ ނަން އިވުމަކުން އޭނާ ހައިރާންވާނެ ޖާގައެއް ނޯވެއެވެ. އަރުފީނު އައިސް ޔުނިވަރސިޓީގެ ގޯތިތެރޭގައި ހުރި އެންމެ ބޮޑު ގަހުގެ ހިޔާ އެޅިފައި އޮތް ބެންޗުގައި އިށީނެވެ. އޭނާއާއެކު އައި ޒީނާ ވެސް ގެއަށް ދާން ގަސްދުނުކުރާ ކަހަލައެވެ. ވާހަކަދެއްކުނު ދުވަހު އަރުފީނުގެ ހުރިހާ ވަނަވަރެއް އެންމެ ފުރަތަމަ ހޯދާ މީހަކަށް އޭނާ ވާން އުޅެނީހެން ހީވެއެވެ.

* * * *

“ސަފަރުކަތްދަ…. އެއީ ކާކު؟”

ދައްކާނެ ވާހަކައެއް ނޭނގިފައި އިން ވިޝާކާގެ ސަމާލުކަން ހުއްޓުނީ ރުހައިލުގެ ފޯނުގެ އިސްކުރީނު ދިއްލުމާއިއެކު އެރި ނަމުންނެވެ. ރުހައިލު އަވަސްއަވަހަށް ފޯނު ނަގާ އެއަށް އައި މެސެޖު ކިޔާލިއެވެ. އޭނާ ވިޝާކާ ބުނިއެއްޗެއް އަޑުއިވުނު ކަމަކަށް ނުހެދިއެވެ. އަދި ފަޒަލްއަށް ބަލާލިއިރު އޭނާއަށް ވެސް އިނީ ރުހައިލަށް ބަލާށެވެ.

“ލަސްވެގެން، ބުނަންވީ ދޯ ދާށޭ” ރުހައިލު ބުނި އެއްޗެއް އެތަނުގައި ތިބި މިލާން އާއި ވިޝާކާއަށް ނަގައިނުގަނެވުނަސް ފަޒަލްއަށް އެ ބުނި އެއްޗެއް ދޭހަވިއެވެ. އޭނާ މަޑުމަޑުން ބޯޖަހާލިއެވެ. އެއާއެކު ރުހައިލު ފޯނުން މެސެޖެއް ލިޔެ ފޮނުވާލުމަށްފަހު ވިޝާކާ އިން ފަރާތް ނޫން އަނެއްފަރާތުގައި ފޯނު ބޭއްވިއެވެ. ރުހައިލުގެ އެ ޢަމަލުން ވެސް ވިޝާކާގެ މޫނުމަތި މިލައިގެން ދިޔައެވެ. އިރުކޮޅަކު ކަމެއްނުކޮށް ލެޕްޓޮޕަށް ބަލަހައްޓައިގެން އިނުމަށްފަހު ވިޝާކާ ކުއްލިއަކަށް ލެޕްޓޮޕް ލައްޕާލިއެވެ. އަދި އިންތަނުން ތެދުވީ އިތުރަށް ކެތްނުކުރެވިދާނެތީއެވެ. ފަޒަލްގެ ސަމާސާތަކަށް ހީނލަހީނލާ އިން މިލާން ވެސް ސިހިފައި ބަލާލިއެވެ.

“ކުއްލިއަކަށް ކަމެއް ހަނދާންވެގެން މިދަނީ، މިއްމި މަޑުކޮށްލާ، އަހަރެން މިދަނީ ލެބަށް، ގެއަށް ދާންވީމަ ގުޅާ، އޭރުން އަންނާނަން” ވިޝާކާގެ ދަބަހަށް ލެޕްޓޮޕް ލަމުން އޭނާ ވާހަކަދެއްކިއެވެ. ވިޝާކާއަށް ވީގޮތް ފަޒަލްއަށް އެނގި އޭނާ ރުހައިލަށް ބަލާލީ ވިޝާކާ ހުއްޓުވާށޭ ބުނާ ގޮތަކަށެވެ. ނަމަވެސް ރުހައިލު ފަރުވާކުޑަގޮތަކަށް ވަށައިގެން ކަޅިހިންގާލުމާއިއެކު އެނބުރުނީ އަނެއްފަރާތަށެވެ.

* * * *

“ހާދަ އިރެއްވެއްޖެޔާ އިންތިޒާރު ކުރާތާ، ކޮންއިރަކުން ދެން އަހަންނަށް ފެންނާނީ” އަދީބުގެ އަޑު ކަންފަތުގައި ފޯނު ޖައްސާލައިގެން އެނދުމަތީ އޮތް ސޮފޫރާއަށް އިވުނެވެ.

“ސޮރީ ލޯބީ، ފޯނުގައި ލާރި ނެތީމަ ދެންމެ މި ނިކުމެވުނީ ރާސްޓަސްއެއް އަޅަން، މަންމަ ހީވަނީ އައްޓަމަހެއްހެން، ކިހިނެއް އަހަރެން ނިކުންނާނީ، ގޭދޮށު ފިހާރައަށް ދާން ނިކުމެވުނީ ވެސް އެހާ ވަރުން، އަނެއްކާ ގޭ ކައިރީ ދެން ނުކެރޭނެ ބައްދަލުކުރަން ހުންނާކަށް، ބައްޕައަށް އެރޭ ރަނގަޅަށް ވެސް ފަޅާއަރާފައި އޮތީ، މަށަށް ބޮޑު ލެކްޗަރެއް ވެސް ދިން” ސޮފޫރާ ބުނެލިއެވެ.

“އެހެންވިޔަސް އަހަންނަށް ކެތެއްނުވާނެ ސޮފޫ ނުފެނި، ބުނޭ މިރޭ އަންނާނަމޭ… ޕްލީޒް” އަދީބު އާދޭސްކޮށްލިއެވެ.

“އަދީބު ކީއްވެތަ އަހަންނަށް ނުގުޅަނީ، ރައްޓެހިވާންވެގެން އުޅުންއިރު އަހަރެންގެ ނަންބަރު ހޯދައިގެން ކިހާ ވަރަކަށް ގުޅިން، ދެން ކީއްވެތަ މިހާރު ނުގުޅަނީ، އަހަންނަށް މިޖެހެނީ އަބަދު ގުޅަން، އެކަމަކު ބުނާނެ ވަރަށް މިސްވެޔޭ…” ސޮފޫރާ ޝަކުވާކޮށްލިއެވެ.

“ސޮފޫ، އޭރު އަހަރެން ޖޮބުން ކެނޑިގެން ގިނަ ދުވަހެއް ނުވެއެއްނު، އެހެންވީމަ އޭރު އަތުގައި ފައިސާ ހުއްޓޭ، އޭގެ ފަހުން ކިހާ ދުވަހެއް މިވަނީ، އަދިވެސް ރަނގަޅު ވަޒީފާއެއް ނުލިބިގެން މިއުޅެނީ، ލިބުނީމަ ސޮފޫއަށް ގުޅަން ފަށާނަން… އެކަން ދެން މާބޮޑު ކަމަކަށް ނުހަދަބަލަ، ސޮފޫ ބައްޕައަކީ މިރަށުގައި ހުރި އެންމެ މުއްސަނދި މީހާ، އަހަންނަށް އެނގޭ ސޮފޫ ބުނާއިރަށް ފައިސާ ލިބޭނެކަން، ދެން ކޮންކަމަކާ ސޮފޫ ކަންބޮޑުވަނީ، ނޫނީ ތީ އަހަންނާ ބައްދަލުނުކުރަން ދައްކާ ބަހަނާއަކީތަ؟” އަދީބު ބެލީ ދައްކަމުން ދިޔަ ވާހަކަ ސޮފޫރާއަށް އަމާޒުކުރެވޭތޯއެވެ.

“މަންމަ އާއި ބައްޕަ އެހުންނަނީ ފާރައަށް، ރޭގަނޑު އަދި އަމުދުން ނިކުންނަން އުނދަގޫވާނެ، އިޝާގެ ފަހުން ބައްޕަ ގެއަށް އަންނަ ގޮތަށް އާންމުކޮށް އުޅޭނީ ގޭގައި، ދެން ކިހިނެއް….” މާޔޫސްކަމާއެކު ސޮފޫރާ ބުނެލިއެވެ. އޭނާއަށް އަދީބުދެކެ ވަނީ އިންތިހާއަށް ލޯބިވެވިފައެވެ. ކިތަންމެ ކުދިކުދި ބީހުންތަކެއް ނަމަވެސް ފިރިހެނެއްގެ ފަރާތުން އިހުސާސްކުރެވުނު ބީހުންތަކަށް ސޮފޫރާގެ ހަށިގަނޑު ހޭލައްވާލި މީހަކީ އަދީބެވެ. ހިތުގައި ފުންވެގެން ދިޔަ އިހުސާސްތަކަކީ އަދީބުގެ މައްޗަށް އުފެދުނު ލޯބިކަމުގައި ސޮފޫރާ ނިންމީ އެހެންވެއެވެ. އަދީބުގެ ގާތަށް ދާން ބޭނުންވަނީ ވެސް އެހެންވެއެވެ. އޭނާގެ ފަރާތުން ލިބޭ އާދަޔާ ޚިލާފު އޯގާތެރިކަމާއި ސަމާސާކަން އެކުލެވިފައިވާ ކުދިކުދި ބީހުންތަކުން ސޮފޫރާގެ ހިތަށް ބަޔާންކުރަން ދަތި އުފާވެރިކަމެއް ލިބޭތީއެވެ. މައިންބަފައިންގެ ނަޞޭޙަތްތަކަށް ބީރުކަންފަތެއް ދެވެނީ އެހެންވެއެވެ. ޅައުމުރުގައި ކުރެވެންފެށި ތަފާތު އިހުސާސްތައް އޭނާގެ ވިސްނުން ކިލަނބުކޮށް ސިކުނޑީގެ ބާރު ކަނޑުވާލަނީއެވެ. އެކަން އެގޮތަށް ވާކަން ޚުދު އޭނާއަށް ނުވެސް އެނގެނީއެވެ.

“ސޮފޫ އަހަރެންދެކެ ލޯބިވާނަމަ މިރޭ އަހަންނާ ބައްދަލުކުރަން އަންނާނެ، އަހަރެން އިންތިޒާރު ކުރާނަން” އަދީބު ގަދަކޮށްލިއެވެ. ސޮފޫރާގެ ހިތްއޮތީ އޭނާގެ މުށުގެތެރޭގައިކަން ރަނގަޅަށް އެނގިހުރެއެވެ.

“ޕްލީޒް އަދީބު، ކީއްވެތަ ނުވިސްނެނީ، މިބުނީނު ބޭރަށް ނިކުންނަން ފަސޭހައެއް ނުވާނެއޭ، ދެވަނަ ފަހަރަށް ގޭދޮށުން ފެނިއްޖެއްޔާ ބައްޕަ ހަދާނެގޮތެއް ވެސް ނޭނގޭ، އަހަރެން ވެސް ބޭނުމެއްނޫނޭ ދެމީހުން ވަކިވާކަށް، އެއީ އަހަރެން އަދީބުދެކެ ލޯބިނުވުމެއް ނޫނެއްނު” ސޮފޫރާ ބުނި އެއްޗެއް އަދީބު ޤަބޫލެއްނުކުރިއެވެ.

“އެހެންވީރު ގޭދޮށުން ބައްދަލުނުކުރާނީ، ޒާހިރުގެ ހަދަން ފަށާފައި ހުރި ގެއަށް ސޮފޫ އާދޭ، އެހިސާބަށް އެކަކު ވެސް ނާންނާނެ، އެތަނުން ދެމީހުން ބައްދަލުކުރާނީ، މިރޭ އަށެއްޖަހާއިރަށް އަހަރެން ހުންނާނަން އެތަނުގައި، އަހަރެންދެކެ ސޮފޫ ލޯބިވަންޏާ ކިތަންމެ ބޮޑު ކަނޑެއް ހުރަސްކުރަންޖެހުނަސް އެކަން ކުރަން ނުކެރިއެއް ނުހުންނާނެ، އިތުރު ބަހަނާތަކެއް ވެސް ނުދައްކާނެ” އަދީބު ބުނެލިއެވެ. އިތުރަށް ސޮފޫރާދެއްކި އެއްވެސް ވާހަކައެއް އޭނާ އަޑެއް ނޭހިއެވެ. ފޯނުކޯލު ނިންމާލަން ޖެހުނީ އެހެންވެއެވެ. އިތުރަށް އަދީބު ވާހަކަނުދެއްކުމުންނެވެ. އެންމެންފަހުން ސޮފޫރާ، އަދީބަށް މެސެޖެއް ފޮނުވިއެވެ. އެރޭ އޭނާއާ ބައްދަލުކުރަން ދާން ވަރަށް މަސައްކަތްކުރާނަންކަމުގައި ބުނެއެވެ. އޭގެ ޖަވާބެއް ނައިކަމުގައި ވިޔަސް ސޮފޫރާ ނިންމީ ކޮންމެވެސް ގޮތަކުން އަދީބުގެ ގާތަށް މިރޭ އޭނާ ދިއުމަށެވެ. އެކަމާ އޭނާ ވިސްނަން އޮތެވެ.

އާތިޤާއަށް އެހީތެރިވުމުގައި ގޭގެ ގިނަ މަސައްކަތްތަކެއް ސޮފޫރާ ކުރިއެވެ. އަދި އިރުއޮއްސުމުން ފެންވަރާލައިގެން ނިކުމެ އާތިޤާއާއެކު ނަމާދަށް އެރިއެވެ. ބޭނުންވީ އާތިޤާގެ ރުހުން ހޯދުމެވެ. އިޝާ ނަމާދުން ފައިބައިގެން އާތިޤާ އާއިއެކު ބަދިގޭގައި ކާންތައްޔާރުކުރަން އުޅެނިކޮށް ސޮފޫރާގެ ރަޙުމަތްތެރިއެއްކަމަށްވާ ޝިޔާނާ ސަލާމް ގޮވާލި އަޑުއިވުނެވެ.

“އަހާން! ޝިޔާނާތަ! ކިހިނެއްވީ؟” މީހެއްގެ ހިލަމެއް ވަންދެން މަޑުކުރުމެއްނެތި ބަދިގެ ފަރާތަށް ވަދެގެން އައި ޝިޔާނާ ފެނުމުން އާތިޤާ އަހާލިއެވެ.

“މިރޭ ސުކޫލުގައި މުސްކުޅިދަރިވުންގެ ބައްދަލުވުމެއް އެބައޮތް، އެއަށް ސޮފޫ ދޭތޯ ބަލަން މިއައީ” ލޮލުން ތަފާތު މެސެޖެއް ސޮފޫރާއާ ބަދަލުކޮށްލަމުން ޝިޔާނާ ބުނެލިއެވެ.

“ތެދެއް ސޮފޫރާ، އެކަހަލަ ކަމެއް އޮތިއްޔާ ނުދާންވެގެން ދޯ އަހަރެން ގާތު ނުބުނީ” އާތިޤާއަށް ލިބުނު ޚަބަރުން އޭނާ ހިތްހަމަނުޖެހިފައި ސޮފޫރާއަށް ބަލާލިއެވެ.

“މަންމާ، އެއީ ދެން އެވަރަކުން ދާންޖެހޭކަމެއްތަ؟ ސްކޫލުން ބޭރުވީމާ ވެސް އެތަނަށް ދާންޖެހޭވަރުން ވެސް ނޯވޭ ކަމެއްވާކަށް، ޔަޤީނޭ ކޮންމެވެސް މަސައްކަތްގަނޑެއް އަހަރުމެންލައްވާ ކުރުވަންވެގެންކަން” ސޮފޫރާ ފަރުވާކުޑަގޮތަކަށް ބުނެލިއެވެ.

“އެހެންވިޔަސް ހެޔޮ، ދާންވާނެ، ދިޔައިމައެއްނު އެނގޭނީ އެމީހުން ކިޔާއެއްޗެއް، ހަރުދަނާކަމެއްވިއްޔާ ކަލޭ ނުކުރާތި، ޝިޔާނާ، ސޮފޫރާ ދާނެ، ކިހާ އިރަކަށް ދާން އޮތީ؟”

“އަށެއްޖަހާއިރަށް” ރަޙުމަތްތެރިޔާއަށް މަގުކޮށައިދެމުން ދިޔަ ޝިޔާނާ ބުނެލިއެވެ.

“އެގަޑިއަށް މަންޖެ އާދޭ، ސޮފޫރާ ދާނެ…. އެހެންނު” އާތިޤާ ދަރިފުޅަށް ބަލާލިއެވެ.

“މަންމަ ބުނީމަ ދާކައްނު ޖެހޭނީ… ޝިޔާނާ އަންނަންވާއިރަށް އަހަރެން ތައްޔާރުވާނަން” ސޮފޫރާ އެއްބަސްވިއެވެ.

ރޭވި ރޭވުން ކާމިޔާބުވީތީ އެކަމާ ހެމުންހެމުން އެކުގައި ހިނގާފައި ދިޔަ ދެ އެކުވެރިން ވަކި ހިސާބަކުން ވަކިވީއެވެ. މަގުތަކުގައި ޖަހާފައި ހުރި ބޮކިދަނޑިތަކުން އަލިވި ނަމަވެސް އަލިކަމަށްވުރެ މަގުގައި އަނދިރިކަން ގަދައެވެ. ހަދަންފަށާފައި ހުރި އިމާރާތުގެ ތެރެއަށް ސޮފޫރާ ވަނީ ދެކޮޅު ހޯދާލާފައެވެ. އޭރު އެ އިމާރާތުގެ ދޮރުމައްޗަށް އެޅިފައި އޮތް އަލިކޮޅު ފިޔަވާ އެއްވެސް އަލިކަމެއްނެތެވެ. ދެލޯ ކަނުވާ ވަރުގެ އަނދިރިކަމުގެ ތެރެއަށް ލޯހޭނުމުގެ ބަދަލުގައި ފޯނުން އަލިކުރަމުން އެތެރެއަށް ސޮފޫރާ ވަދެގެން އައިއެވެ. އޭރު އެތަނުގައި މީހެއްގެ ހިލަމެއްނުވެއެވެ.

ވަށައިގެން ފޯނުން އަލިކޮށްލަމުން ސޮފޫރާ ހޯދާލީ އަދީބު ހުރިތޯއެވެ. ފަހަރެއްގައި އޭނާ އުޅޭގޮތް ބަލަން ދުރުގައި ފިލާ ހުރެދާނެކަމަށް ހީކޮށެވެ. ނަމަވެސް ހަދަންފަށާފައި ހުރި އެ އިމާރާތުގައި ވަނީ ފަޅުކަމެވެ. އޭނާ ނޫން މީހެއްގެ ހިލަމެއް އެތަނަކުން ނީވެއެވެ. އަޅާފައި އޮތް ތަޅުމުގައި ސޮފޫރާގެ ފައިޅާލާ ކޮންމެ ފަހަރަކު ފައިދަށުން ހިލަފުއްތަކަކަށް އެރުމުން ގޮވާ އަޑު އިވެއެވެ. އިތުރަށް އެތެރެއަށް ވަންނާކަށް ސޮފޫރާއަކަށް ނުކެރުނެވެ. މި ނޫނީ އަދީބުއާ ބައްދަލުކުރަން މިހާ ދުރަށް އޭނާ ނާދެއެވެ. ރަށުގައި އަލަށް ގޯތި ދޭން ފަށާފައި ހުރި ހިސާބުގައި ހަމައެކަނި ހަދަން ފަށާފައި ހުރި ގެއަކީ އެއީއެވެ.

“އަހަރެން އަންނާނަމޭ ބުނީމާ ވެސް އަދީބު އަހަރެންގެ ވާހަކަ ޤަބޫލުނުކުރީތަ؟” މަގާ ދިމާލަށް އައި ސޮފޫރާ އަމިއްލަ ނަފުސާ ވާހަކަދެއްކިއެވެ.

“މަންމާ!” މަގުމައްޗަށް ނުނިކުމެވެނީސް ކުއްލިއަކަށް ސޮފޫރާގެ ފުރަގަހުން އައި މީހަކު އޭނާގެ ގައިގާ ބައްދައިގަތުމުން އަޑުގެކޮޅަށް ހަޅޭލަވައިގަތުމާއިއެކު ތެޅިފޮޅިގަތެވެ. ނަމަވެސް އެމީހަކު ހުރީ ސޮފޫރާއަށް އޭނާގެ ދެއަތް ހިއްލާނުލެވޭނޭ ގޮތަށް އެ މީހާގެ ދެއަތުގެ ތެރޭ ހައްޔަރުކޮށްލާފައެވެ. ހުޝިޔާރުވެ ހުރި އެ މީހާ ސޮފޫރާގެ އަނގަމަތީ އަތްއެޅުމާއިއެކު ހީވީ އޭނާގެ އަޑު ވެސް ދިރުވާލެވުނީ ހެންނެވެ.

“އަހަންނޭމީ، ސޮފޫ…” ސޮފޫރާގެ ކަންފަތްދޮށުގައި ވައިއަޑުން އަދީބު ވާހަކަދެއްކިއެވެ. އަދި ސޮފޫރާގެ ގައިން ދޫކޮށްލިއެވެ. ދުރަށް ފުންމައިގަތް ސޮފޫރާ އަތުގައި އޮތް ފޯނުގެ އަލީގައި ކުރިމަތީ ހުރި މީހާއަށް ދެނެގަންނަ އުޅުނެވެ.

“އަ… އަ…ދީ…ބު… އަހަރެން ބިރުން އަވަދިވެއްޖެ، ތިކަހަލަ ކަންތައް ކުރާކަށް ނުވާނެ އެއްނު” ބިރުގަތްވަރުން ނޭވާ އަވަސްވެފައި ހުރި ސޮފޫރާއަށް އަދީބުކަން ޔަޤީންވުމުން ބުނެލިއެވެ. އަދި މޫނު ހަދާލަމުން ހަރުކޮށް ހިނގާފައި އެތަނުން ނިކުންނަން ދިޔައެވެ. އެވަގުތު އަދީބު، ސޮފޫރާގެ އަތުގައި ހިފާ ދަމާލުމާއެކު އޭނާ އައިސް އަދީބުގެ މޭގައި ތަތްވެއްޖެއެވެ.

“ލޯބިން ސަމާސާއެއް ވެސް ކޮށްނުލެވޭނެތަ؟” އަސަރު ހުރި ގޮތަކަށް އަދީބުގެ ހަށިގަނޑާއި ސޮފޫރާ ވަކިން ގާތްކޮށްލަމުން ބުނެލިއެވެ.

“ލޯބިން ވިޔަސް އަހަރެން ބިރުގަންނަ ކަހަލަ ކަމެއް ނުކުރާތި، ކީއްވެތަ އެހާ ލަސްވީ، އަހަރެން ބަރާބަރު ގަޑިއަށް އައިން، އަދި އެވެސް އެހާ ވަރުން އަހަރެން އައީމަ” ސޮފުރާ މަޑުމަޑުން އަދީބުގެ މޭގައި ޖަހާލަމުން ޝާކުވާކޮށްލިއެވެ.

“ކަމެއް ދިމާވެގެންނޭ ނާދެވުނީ، ދެން އެ ވާހަކަތައް ނުދައްކާ އާދެބަލަ އަހަންނާއެކު، އެހެންނޫނީ ސޮފޫގެ ޝަކުވާ އަޑުއަހާ ނިމެންވާއިރަށް ބުނާނެ ދެން ދަނީއޭ، މާ ލަސްވެއްޖޭ… މިހާރު ބައްޕަ ހޯދާނެއޭ”

އަދީބު ސޮފޫރާގެ އަތުގައި ހިފައިގެން އަލިކަމެއްނެތް އެ އިމާރާތުގެތެރެއަށް ވަދެގެން އައިއެވެ. އަދި ރާނާފައި ހުރި ގާފޮޅެއްގެ މަތީ އިށީންނަމުން އޭނާގެ އުނގުތެރެއަށް ސޮފޫރާ ގެނެސް ލިއެވެ. އެއާއެކު ވާހަކަ މަދުވެ ދެމެދުގައި ކުރެވެމުންދިޔަ އެހެނިހެން ސަމާސާތައް ގިނަވިއެވެ. އަދި ސޮފޫރާގެ ރަކި ހީނލުމުގެ އަޑު އިވެންފެށިއެވެ.

“ދެން އަދީބު، ތިހެން ހެދީމަ ހީލިކަރުވައޭ” ސޮފޫރާގެ ބަނޑުގައި އަދީބު ކޮއްޓަން ފެށުމުން ބުނެލިއެވެ.

“ހީލިކަރުވާށޭ މިރޭ ބޭނުންވަނީ” އަދީބު މިހެން ބުނެ އޭނާގެ ގަޔާ ސޮފޫރާ ގާތްކޮށްލިއެވެ. އަދި ސޮފޫރާގެ މޫނާއި މޫނު ކައިރިކޮށްލީ އެކަކު އަނެކަކު ނޭވާ ވެސް އިހުސާސްވާ މިންވަރަށެވެ. ސޮފޫރާގެ ހަށިގަނޑަށް ބުނެދޭން ނޭނގޭ ގޮތްތަކެއް ވެގެން ދިޔައެވެ. ހީވީ ކަރަންޓުގެ އޮއެވަރެއް ނާރުތަކުގައި ދުވެލިހެނެވެ. ހަށިގަނޑުގެ ލޯލިތައްކޮޅަށްޖެހިގެންދިޔައެވެ. ސޮފޫރާގެ އަމިއްލަ ނަފުސު އަދީބުގެ އަތުގެތެރެއަށް ދޫކޮށްލެވުނީ ނޭނގުމުގެތެރޭގައެވެ. މެރިގެންދިޔަ ދެލޮލާއިއެކު ތުންފަތަށް ހޫނުކަމެއް ސޮފޫރާއަށް އިހުސާސްވެގެން ދިޔައެވެ. މީގެ ކުރިން އަދީބުގެ ފަރާތުން އިހުސާސްނުވާ ބީހުންތަކަކުން ސޮފޫރާގެ ހަށިގަނޑު އެ ބާރު ގަދަ ދެއަތުގެ ތެރޭ ވިރެމުންދިޔަ ފަދައެވެ. އަދީބު އެހެން ކަންތައް ކުރީ ގަސްދުގައެވެ. އޭނާގެ އަމިއްލަ ބޭނުން ފުއްދުމަށްޓަކައެވެ. އުއްބަތީގެ ހުޅުކޮޅު ރޯކޮށްލުމުން އޭގެ އަމިއްލަ ޒާތުގައި އުށްތައް ވިރިގެން ފައިބާ އުސޫލުން، އަދީބުގެ ބީހުންތަކުން ސޮފޫރާގެ ހަށިގަނޑުގައި ރޯވި އަލިފާނުގައި އޭނާ ވިރެމުންދަނީއެވެ. “ނޫނެކާ” ބުނަން ބޭނުންވިޔަސް، އެ ލަފުޒު އޮތީ ސޮފޫރާގެ ހިތުގައެވެ. ދުލާ ހަމައަކަށް އެ ލަފުޒެއް ނުގެނެވުނެވެ. މަރާލެވުނު ދެ ލޯ ދުވަހަކު ވެސް ހުޅުވަން އޭނާ ބޭނުން ނުވާ ކަހަލައެވެ.

ފުންވެފައިވި ނޭވާތައް ހަމައަކަށް އެޅުމުން މަޑުމަޑުން ސޮފޫރާ ލޯ ހުޅުވާލިއެވެ. އޮވެވުނީ ތަޅުންމަތީގައި އަޅާފައި އޮތް ބާގޯނިގަނޑެއްގެ މަތީގައިކަން އެނގުމުން ކުއްލިއަކަށް ތެދުވެވުނެވެ. އެތަނަށް އޭނާއަށް އާދެވުނީ ކިހިނެއްކަމެއް ނޭނގެއެވެ. އަދި އޭނާ ހުރި ހާލާމެދު ވިސްނާލެވުނީ ވެސް ދެނެވެ. އަވަސް އަވަހަށް ވަށައިގެން ހޯދާލުމާއެކު ގާފޮޅު މަތީގައި އޮތް އޭނާގެ ޖިންސު ނެގިއެވެ. އޭރު އޭނާގެ ގާތުގައި ކޮޅަށް ހުރި އަދީބު ސިނގިރޭޓެއް ރޯކޮށްލަނީއެވެ. ސޮފޫރާ ހަމަޖެހިލުމާއިއެކު އޭނާގެ ހޭވިފައިވާ އިސްތަށިގަނޑުގައި އަތްފުނާ އަޅަން ފެށިއެވެ.

“އަދީބު…” ވޫލުކޮޅުން އިސްތަށިގަނޑު ރީތިކޮށް އައްސާލުމާއެކު ސޮފޫރާ ގޮވާލިއެވެ. އެހިނދު އަނގައިން ދުންތައް ބޭރުކޮށްލާފައި އަދީބު އައިސް ސޮފޫރާގެ ގާތުގައި އިށީންނަމުން ގާފޮޅުމައްޗަށް އެއްފައި ނެގިއެވެ. އެއްޗެއް ނުބުނެ އިނުމަށްފަހު ސޮފޫރާ އަދީބުއާ ދިމާލަށް އެނބުރިލަމުން އޭނާ ނަގައިގެނ އިން ފައިގެ ކަކުލުގައި ދެއަތް އަޅުވާލާފައި ވާހަކަދައްކަން ފެށިއެވެ.

“މިރޭ… މިރޭ މި ކުރެވުނީ ރަނގަޅުކަމެއްނޫން” ދެރަވެފައި އިނދެ ސޮފޫރާ ބުންޏެވެ.

“އަހަރެން ސޮފޫ ދެކެ ވަރަށް ލޯބިވޭ، އެހެންކަންތައް ކުރެވުނީ ލޯބިވާލެއް ބޮޑުކަމުން، ކޮންމެހެން ސޮފޫއަށް ދެރައެއްދޭކަށްނޫން، އަހަންނަށް އެނގޭ ސޮފޫ ވެސް ލައިކްވިކަން” އަދީބުގެ ބަލާލުމުގައި ކަމެއް ސިއްރުވެފައި އޮތްކަމެއް ސޮފޫރާއަކަށް ނޭނގެއެވެ. އޭނާ ކަނުމީހަކުހެން އަދީބު ދައްކާ ހުރިހާ ވާހަކައެއް ޤަބޫލުކުރިއެވެ.

“ދެރަކަމެއްވެއްޖެއްޔާ ދެން ކިހިނެއް ހަދާނީ، އަދީބު އަހަންނާ މެރީ ކުރާނަންތަ؟” ސޮފޫރާއަށް އިސްޖަހާލަމުން ތިރީތުންފަތުގައި ދައިގަނެވުނެވެ.

“މިހެން އަދި މަޖާކޮށްލާއިރަށް މެރީކުރާ ހިސާބަށް ދާކަށްނުވެއެއްނު، ސޮފޫއަށް ވެސް އެނގޭނެ މިހާރު މިކަމަށް ބޭސް ހުންނަކަން، ހުރަސް ވެސް އެހެރީނު… ޕްރެގްވުމުގެ ޗާންސް ކުޑަވާނެ، ހާސްނުވެބަލަ، އަހަރެން، ސޮފޫ ޕްރެގްވިޔަކަ ނުދޭނަން، އެވަރުގެ ޅައެއްޗެއް މަވެސް ޅާނާނެއެއްނު، ސޮފޫ އަހަންނަށް އިތުބާރު ކުރަންތަ؟” ސިނގިރޭޓު ފިލްޓަރުބުރި ވައްޓާލާފައި އެއަށް ފައިންއަރާ ނިއްވާލަމުން އަދީބު ބުންޏެވެ.

“ވަރަށް ބޮޑަށް އިތުބާރުކުރަން، އެހާ ލޯބިވާ މީހަކަށް އިތުބާރުކުރާނެ އެއްނު، ދެން ހިނގާ ދާން… ވަރަށް ލަސްވެއްޖެ، އިރުކޮޅަކުން މަންމަ ނުގުޅައިފިއްޔާ ރަނގަޅު”

ސޮފޫރާ ތެދުވެ ލައިގެން ހުރި ޓޮފުކޮޅަށް ދަމާލާފައި ޖިންސުގެ ފުރަގަހުން ފޮޅާލިއެވެ. އިމާރާތުން ބޭރަށް ނިކުންނަން އަދީބާއެކު ހިނގައިގަތެވެ. ދެ ޒުވާނުން އަތުގުޅުވާލައިގެން ތިބެ އެ ފަޅުގެއިން ނިކުތްތަނާ އަދީބު އަވަސް އަވަހަށް ސޮފޫރާގެ އަތް އޭނާގެ އަތާ ވަކިކޮށްލައިފިއެވެ.

“މީހުނަށް މިގަޑީގަ ފެނިއްޖެއްޔާ ކަމަކު ނުދާނެ، ސޮފޫ ބައްޕައާ ހަމައަށް ޚަބަރު ހިނގައިދާނެ” ހައިރާންވެ ހުއްޓުން އަރާފައި ހުރި ސޮފޫރާއަށް އަދީބު ބުނީ ތެދެއްކަން ވިސްނައިލެވުނީ ދެނެވެ. މީހަކަށް އެ ދެމީހުން ރަށުގެ އެހިސާބުން އެކުގައި އަންނަތަން ފެނިއްޖެނަމަ ހީކުރާނީ ވެސް ގޯސްކޮށެވެ.

“އަހަރެން ޝިޔާނާއަށް މިގުޅަނީ، އޭނާ އަންނަންދެން އަދީބު މަޑުކޮށްލާނަންތަ” ސޮފޫރާ ފޯނު ނަގަމުން އަހާލިއެވެ.

“އާން! އަވަހަށް ގުޅާ، އަހަރެން މަޑުކުރާނަން، އެކަމަކު އޭނާ އަންނަތަން ފެނުނީމަ އަހަރެން ހިނގައިގަންނާނަން، އެގޮތް އެންމެ ރަނގަޅުތަ” އަދީބު މިހެން ބުނުމުން ސޮފޫރާއަށް ވިސްނުނީ އަދީބު، ޝިޔާނާއަށް ފެންނަން ބޭނުންނުވަނީ ކަމުގައެވެ. އެއީ މައްސަލައެއްކަމުގައި ސޮފޫރާ ނުދެކުނެވެ. ޝިޔާނާއަށް އަދީބަކީ ކާކުކަން އެނގޭނެއެވެ. އަދި އަދީބު އާއި ސޮފޫރާ ރައްޓެހިވެގެން އުޅޭކަން ވެސް ޝިޔާނާއަށް އެނގޭނެއެވެ. ސްކޫލު ދުވަސްވަރުން ފެށިގެން ސޮފޫރާގެ އެންމެ ގާތް އަދި އޭނަގެ ސިއްރުތައް ހިފަހައްޓައިދޭ ރަޙުމަތްތެރިއަކީ ޝިޔާނާއެވެ.

ސޮފޫރާ ގެއަށް އައިސް ވަންއިރު ސޯފާގައި އާތިޤާގެ އިތުރުން ޙައިދަރު އިނެވެ. ވަގުތުން ސޮފޫރާ ހާސްވެ ހުއްޓުން އެރިއެވެ. އެންމެ ފުރަތަމަ ވެސް ސޮފޫރާގެ ހިތަށް އެރީ އޭނާ ހެދި ދޮގު ބޭޒާރުވީ ކަމުގައެވެ. ނަމަވެސް އާތިޤާ ގޮވާލީ އޯގާތެރި ގޮތަކަށެވެ. އަދި އެ މޫނުމަތިން ފެނުނީ ނިދިއައިސްފައި އިންކަމުގެ އަސަރުތަކެވެ.

“ދަރިފުޅު އައީމަ ނިދަންދާންވެގެން މިތިބެނީ” އާތިޤާ ތެދުވަމުން ބުންޏެވެ.

“މިއައީނު، ދެން ހިނގާ ނިދަން، ވަރަށް ވަރުބަލިވެފަ މިހިރީ” ސޮފޫރާ ބުންޏެވެ. އަދި ބެލީ އަވަހަށް އޭނާގެ ކޮޓަރިއަށް ވަދެވޭތޯއެވެ.

ސޮފޫރާ ގެއަށް ވަނުމުން ޙައިދަރަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އަދި ސޮފޫރާ ގޮސް ކޮޓަރިއަށް ވަނުމުން އޭނާ އާތިޤާއަށް ގޮވާލިއެވެ.

“އާތިޤާ، ކަތީބުއީސާ ބުނި މީހުން އަންނަ ހަފްތާގައި މިރަށަށް އަންނާނެ، ހުސްކޮށް ހުރި ކޮޓަރި ތައްޔާރު ކޮށްލަންވާނެ އެއްނު”

“ދޮންބޭބެ ބުނިގޮތަށް ކޮޓަރި ހުންނާނީ ހިރަފުސްފޮޅާލާފައި، އެކަމަކު ކީއްވެތަ ކަތީބުއީސަގެ ރައްޓެއްސެއް މިގޭގައި ހުންނަގޮތަށް ހަމަޖެއްސީ” ހިތުގައި އޮތް ސުވާލު އާތިޤާގެ ދުލުން ބޭރުކޮށްލިއެވެ.

“އީސަމެންގެ ގެ ހަދަނީ، ހީވަނީ މައްޗަށް ހިއްލާލަންހެން އެ އުޅެނީ، އެގެ މިހާރު އޮތްގޮތަށް އޮއްވާ ކިހިނެއް މެހެމާނަކު ބަހައްޓާނީ، އެހެންވެ ދޮންބެގާތު ބުނީ މިގޭގައި ބަހައްޓާލަދޭށޯ، އެމީހަކީ މާލޭގެ ވިޔަފާރިވެރިއެއް، އަދި ދެހަފްތާވަރު މިކޮޅުގައި މަޑުކުރާނެކަމަށް ވެސް ބުނި” ޙައިދަރު ބުނެލިއެވެ. އާތިޤާ ބޯޖަހާލާފައި ތެދުވެގެން ހިނގައިގަތީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ. އޭރު ސިކުނޑީގައި ސޮފޫރާ ގާތު އެ ގެއަށް މީހަކު އަންނަ އުޅޭ ވާހަކަ ބުނަންޖެހޭނަކަމުގެ ހަނދާނުގެ ކަންފުޅެއް ވެސް ނެތެވެ.

* * * *

ފޯނު ހިފައިގެން ލޯބިވެރިޔާއާ ވާހަކަދައްކަން އޮތް އިޒްވާނު ނުނިދިގެން ތެދުވިއެވެ. ޝެރީލް މަސައްކަތުގައި އަވަދިނެތި އުޅެން ޖެހުމުން އިޒްވާނާ ވާހަކަދެއްކޭ ގޮތް ނުވީއެވެ. ދެމީހުން ދެތަނުގައި ތިބިއިރު އެ ދެމެދުގައި ފަސްގަޑިއިރުގެ ތަފާތު އެބަހުއްޓެވެ. އެހެންވެ ބޭނުން ވަގުތަކު ވާހަކަދެއްކުމަކީ ފަސޭހަކަމަކަށް ނުވެއެވެ. ކައިވެނި ވީހާ ވެސް އަވަސް ކުރަން ބޭނުންވާއިރު އިޒުވާނު ބޭނުންވަނީ ލަންޑަނުގައި ކައިވެނީގެ ހުރިހާކަމެއް ބާއްވާށެވެ. މައިންބަފައިންނަށްވީތީ އެމީހުންގެ ބަހަށް ޤަދަރު ކުރަން އޭނާ ބޭނުންވެއެވެ. އެހެންވިޔަސް އޭނާގެ ޚިޔާލާއި ވިސްނުން އެމީހުން ބޭނުންވާގޮތާއި ނުބައްދަލެވެ. ޚިޔާލުތަކަކަށް ގެއްލި ހުރެ ކޮޓަރިން ނިކުމެގެން ލިފްޓާ ދިމާލަށް އައި ވަގުތު ރުހައިލުގެ ކޮޓަރި ހުޅުވާފައި ހުއްޓާ ފެނުނެވެ. އަތުކުރީ އޮތް ގަޑިއަށް ބަލާލާފައި ލިފްޓަށް އެރުމުގެ ބަދަލުގައި އިޒުވާނު ހިނގައިގަތީ ރުހައިލުގެ ކޮޓަރިއާ ދިމާލަށެވެ.

“އަދިވެސް ހޭލާތަ؟ ކޮންމަސައްކަތެއް ކޮށްލަނީ” ކާޕެޓުމަތީ އަތުރާލާފައި އޮތް ފޮތްތަކާއި ކަރުދާސްތައްފެނި އިޒުވާނު ސުވާލުކޮށްލިއެވެ.

“ހެލޯ ބްރޯ… މާދަމާ މީ އެންމެ ފަހު ދުވަސް، މީތި ނިންމާފައި ލާންޖެހޭނެ” ރުހައިލުގެ ވާހަކަ އަޑުއިވިފައި އޭނާ އެ ދައްކަނީ ކޮންވާހަކައެއްކަން އިޒުވާނަށް ނަގައިގަނެވުނެވެ. އަދި ހައިރާންވެފައި ބަލާލެވުނީ ރުހައިލުގެ އެނދުމަތީ ބަންޑުން އޮށޯވެލައިގެން އޮވެ ރުހައިލަށް އެހީތެރިވަމުން ދިޔަ ފަޒަލް ފެނިފައެވެ.

“އައި ތޯޓް ފަޒަލް ވެސް ހަދަނީ ރުހައިލްއާ އެކައްޗެއްކަމަށް” ކޮޓަރީގެ ދޮރުމަތީ ތަޅުގައި ހިފަހައްޓާލައިގެން ހުރި ގޮތަށް ހުރެ އިޒްވާނު އަހާލިއެވެ.

“އަހަރުމެން ދެމީހުން އެކައްޗެއް ކިޔަވަނީ، އެކަމަކު އޭނާއަށް މިފަހަރު ވީގޮތެއް ނޭނގެ، މާކުރިން އެސައިންމެންޓު ހަދާ ނިންމައިފި، މީގެ ކުރިން ދުވަހަކު ވެސް ވީގޮތެއްނޫން މިއީ” ރުހައިލު ވެސް އިނީ ފަޒަލްގެ މަސައްކަތް މާކުރިން ނިންމިގޮތަކާމެދު ސުވާލު އުފެދިފައެވެ. ރުހައިލުގެ ވާހަކައަށް ހިނިގަނޑެއް ޖަހާލާފައި އިޒުވާނު އެނބުރުނީ ލިފްޓަށް އަރަން ދާށެވެ.

ރަޙުމަތްތެރިޔާގެ ފަރާތުން ފައިދާ ނަގާނަމަ އެ ދެމެދުގައި އޮތީ ތެދުވެރި އެކުވެރިކަމެއްކަމާމެދު ސުވާލު އުފެދޭނެއެވެ. އަރުފީނަށް ވެސް ވަނީ އެހެނެވެ. ފަޒަލްގެ އެކުވެރިކަމާމެދު އޭނާ ސުވާލު އުފެދެއެވެ. ނުނިދާ ހޭލާ އޭނާ އިންނަން ޖެހުނީ އަމިއްލަ މަސައްކަތް ހުއްޓާލާފައި ފަޒަލްއަށް އެހީވާން ޖެހުމުންނެވެ. ފަޒަލްއަށް ހަވާލުކޮށްފައި އޮތް މަސައްކަތް ނިންމާ ދިނުމަށް އޭނާ އަރުފީނުގެ ގާތުގައި އެދުނީއެވެ. ފުރަތަމަ ފަހަރަށް ފަޒަލް ކަމަކު އެދުމުން އެކަން ނުކޮށްދީ ހުންނަން އަރުފީނަށް ނުކެރުނީއެވެ. އެކުރިކަމާއި ރައްޓެހިން ބޭނުން ނޫނޭ ކިތަންމެ ވަރަކަށް ބުނިކަމުގައި ވިޔަސް އަރުފީނުގެ ޟަމީރު އެކަމާ އެއްބަހެއްނުވެއެވެ. އަނެއްކޮޅުން ރުހައިލު ޖެއްސުންކުރާހާ ގާތަށް ވެސް ފަޒަލް، އަރުފީނަށް އުނދަގުލެއް ނުކުރެއެވެ. އެއްޗިއްސެއް ވެސް ނުކިޔައެވެ. ފަޒަލްއަށް އެހީވިކަން ރުހައިލަށް އެނގިއްޖެއްޔާ އޭނާގެ ކަންތައް ވަރަށް ބޮޑުވާނެކަމުގައި ފަޒަލް ބުނެފައި އޮތުމުން އަރުފީނު ވެސް އުޅުނީ ވަރަށް ސިއްރުންނެވެ. ރުހައިލަށް އެއްވެސް ކަމެއް ޝައްކު ނުވާނޭ ހެންނެވެ. ފަޒަލްއަށް ކޮށްދިން މަސައްކަތަށް އޭނާއަށް ހަދިޔާއެއް ވެސް ލިބުނެވެ. މީރު ޗޮކުލެޓެކެވެ. ކުޑަ ނަމަވެސް ފަޒަލްގެ ފަރާތުން ހަދިޔާއެއް ލިބިދާނެކަމަކަށް އަރުފީނު ކުޑަކޮށްވެސް އުންމީދެއް ނުކުރެއެވެ. އެކަމަކު ލިބުމުން އިންތިހާއަށް އުފާވިއެވެ.

ފަތިހު ފޯނުން އެލާމު އަޅަންފެށުމާއިއެކު މޭޒުމަތީ ބޯއަޅާލައިގެން ނިދިފައި އޮތް އަރުފީނު ދިޔައީ ސިއްސައިގެންނެވެ. އޮވެވުނު ގޮތުން ތުންފަތުގެ ކޮޅުން ސޮނުފައިބާފައި ހުރުމުން އަތުން ފޮހެލަމުން އަރުފީނު ގޮނޑިން ތެދުވިއެވެ. އުޅާހަށް ދެމިލުމާއެކު އައިސް ކުޑަދޮރުގެ ފަރުދާގެ ދޭތެރެއިން ބޭރު ބަލާލިއެވެ. ދުނިޔެމަތި އަލިވާން އަދި އިރުކޮޅެއް އެބަހުރިކަން އަރުފީނަށް އެނގުނެވެ. އެހެންނަމަވެސް ފަތިސްނަމާދު ކުރުން ލަހެއްނުކުރެވޭނެއެވެ. ހެދުން ތައްޔާރުކޮށްލުމާއެކު ފާޚާނާއަށް އަރުފީނު ވަނެވެ.

ހުރިހާ ކުދިން އެއްކޮށް ޔުނިވަރސިޓީއަށް ވަދެގެން އައިއިރު ދުރުގައި ހުރި މިލާންގެ ނަޒަރު ހުއްޓިފައި ހުރީ ފަޒަލް އާއި ރުހައިލާއެކު ކާރުން ފޭބި އަރުފީނަށެވެ. ފެންނަފެނުމަށް ޚާއްޞަގޮތެއް އަރުފީނުގެ ނެތްކަމުގައި ވިޔަސް މިލާންގެ ސަމާލުކަން އެ އަންހެން ކުއްޖާއަށް ހުއްޓުނީ ފަޒަލް ހިނިތުންވެލި ގޮތުންނެވެ. އަވަސް އަވަހަށް ކައިރީގައި ހުރި ވިޝާކާގެ ކޮނޑުގައި މަޑުމަޑުން ޖެހިލަމުން ފަޒަލްމެން ދައްކާލިއެވެ.

“އެއީ ކޮންކުއްޖެއްތަ؟ އެގޭގައި ގެންގުޅޭ ކުއްޖެއްވައްތަރެއް ނުޖަހާ” މިލާން ވާހަކަދެއްކީ ހަމައެކަނި ވިޝާކާއަށް އަޑުއިވޭވަރަށެވެ.

“ނޭނގެ، މިފަހަކަށް އައިސް ކޮންމެ ދުވަހަކު ވެސް އެ ތިން މީހުން އަންނަނީ އެކީގައި، ފެމެލީކުއްޖެއްކަންނޭނގެ، އެކަމަކު ރުހައިލްމެންގެ ސިފަޔާ އޭނާގެ ސިފަ ގާތް ވެސް ނުކުރެވޭ، އަޅެ މިލާން އަހާލަބަލަ ފަޒަލް ގާތު،ހަމަގައިމުވެސް ރުހައިލެއް ނުބުނާނެ، ދެން ފަޒަލް ގާތު އަހަރެން އެހުމަށްވުރެ އޭނާ މިލާންއަށް އޮޅުންފިލުވައިދޭލެއް މާ އަވަސްވާނެ” މާނަފުންގޮތަކަށް ވިޝާކާ ބުނެލިއެވެ.

“ރުހައިލަކީ ބޮޑު ފޮނިގަނޑެއް، އޭނާ އަންހެންކުދިންނަށް އެލާޖިކްވަނީހެން ހީވަނީ، އެހެންވެތާ ވިޝްއާ އޭނާ ވާހަކަނުދައްކާނީ، މިއަދު ބްރޭކްގަޑީގައި ދާންވާނެ ދޯ އެމީހުން ގާތަށް” މިލާން ބުނެލިއެވެ.

ކުލާހަށް ދިއުމަށް މިލާން އާއި ވިޝާކާ ހިނގައިގަތް އިރު މިލާންގެ ސިކުނޑީގައި ހަރުލާފައިވަނީ ފަޒަލް އޭނާގެ ގާތުގައި ހުރި އަންހެންކުއްޖާއަށް ހިނިތުންވެލި ގޮތެވެ. ފަޒަލްއަށް ނޭނގުނަސް މިލާންގެ ހިތުގައި ފަޒަލްއަށް ޚާއްޞަކަމެއް ދެވިފައިވެއެވެ. އަދި ފަޒަލްއަކީ އޭނާގެ ހައްޤެއްކަމުގައި ޤަބޫލުކުރެވެނީއެވެ. ކުރިން ވެސް އަންހެންކުދިންގެ ކަތި ނަޒަރުތައް ފަޒަލްއަށް އަމާޒުވާތަން މިލާންއަށް ފެނެއެވެ. އެހެންނަމަވެސް ފަޒަލްއާ މިހާ ގާތުން އަންހެންކުއްޖަކު ފެނުނު މީ ފުރަތަމަ ފަހަރެވެ.

“ފަޒަލް އެހެނެއްނޫޅޭނެ، އެހެންނޫނަސް ރީތި ކުއްޖެއް ވެސް ނޫންއެއީ، ދެން ކޮންކަމަކާ އަހަރެން މިހާވަރަށް ބިރުގަންނަންވީ” ކުލާހަށް ވަދެގެން އައިސް އިށީންނަން އުޅުނު މިލާން އޭނާގެ އަމިއްލަ ހިތަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.

* * * *

“ދިސް އިސް ޓޫ މަޗް… އޭތް! ބަބުރުކުއްޖާގަނޑާ، ބުނަން ރަނގަޅު ވާހަކައެއް، ފަޒަލްއަކީ މަގޭ ފްރެންޑެއް، އޭނައާ ދެން މީގެ ފަހުން އަނގައިން ބުނެގެން ވެސް ނުވާނެ، އޭނައަށް ބަލައިލައިގެން ކަލޭ ނުވާނެ، އަޑުއިވިއްޖެތަ، އޭނަގެ ފަހަތުން ކަލޭ ނުނައްޓައިފިއްޔާ ހަނދާންނުނެތޭވަރުގެ ލަނޑެއް ކަލެއަށް ދޭނަން، އައި ހޯޕް ޔޫ ގެޓް ދިސް… ކްރޭޒީ ޝެޑޯ، ނައު ގެޓް ލޮސްޓް” ފަޒަލްގެ އަތަށް ދަބަސްދީފައި އޭނާ ކުލާހަށް ފޮނުވާލަމުން ރުހައިލު އައިސް އަރުފީނުގެ އަތުގައި ހިފާ އެއްފަރާތްކުރިއެވެ.

“އައުޗް…” ކުދިން މަދުވެފައި އޮތް ކޮރިޑޯގައި ރުހައިލު، އަރުފީނުގެ މުލައްދަނޑީގައި ހިފައިގެން ހުރިލެއް ބާރުކަމުން އޭނާއަށް ބުނެލެވުނެވެ.

“އައުޗްއެކޭ ކިޔާނެކަމެއްނެތް، އަހަރެން މިބުނި އެއްޗެއް އެނގިއްޖެހޭ” ދަތްތައްބާރުކޮށްލައިގެން ހުރެ އަރުފީނުގެ މޫނާ މޫނު ކައިރިކޮށްލަމުން ރުހައިލު ބުނެލިއެވެ. އެއާއެކު އަވަސްއަވަހަށް އަރުފީނު ބޯޖަހާލިއެވެ.

އަރުފީނުގެ އަތުން ރުހައިލު ދޫކޮށްލުމާއިއެކު އެންމެ ސިކުންތެއް ވެސް އޭނާ މަޑުކޮށްނުލާ ގޮސް ގެއްލިއްޖެއެވެ. އެ ދިމާލަށް ބަލަން ހުރި އަރުފީނަށް ތަދުވީވަރުން އަނެއްކާ ވެސް އޭނާގެ އަތުގައި ފިރުމާލެވުނެވެ. އަދި ދެ ބުމަ ކައިރިކޮށްލަމުން ތުންއަނބުރާލަފައި ކުލާހަށް ވަނުމަށް ހިނގައިގަތެވެ. މުޅި ދުވަސް އަރުފީނަށް ހަރާބުވީއެވެ. ކުލާހުގައި ވެސް އިނދެވުނީ މޫނު ހަދައިގެން ރުޅި އައިސްފައި އިންހެނެވެ.

“ކިހިނެއްވީ” އަރުފީނާ ޖެހިގެން ހުރި ގޮނޑި ދަމާލާފައި އިށީންނަމުން ޒީނާ އަހާލިއެވެ.

“ކިހިނެއްތަވީ” އަރުފީނަށް އިނދެވުނީ މޫނުކުނިކޮށްގެންކަމެއް އޭނާއަކަށް ނޭނގެއެވެ. ވާހަކަދެއްކުނީ ވެސް އަޑަށްބާރުލާފައެވެ.

“އަހަންނަށް ކަމެއްނުވޭ، އެކަމަކު އަރޫއަށް ތިއިނީ ކޮންމެވެސް ކަމެއްވެފައި، އެހެންނޫނީ ދެލޯއަޅައިގެން އިންނަންވީ ކީއްކުރަން” ޒީނާ ކުޑަކޮށް ހީނލިއެވެ.

“އަހަރެން ވެސް ހިތްހަމަނުޖެހޭ ކަންކަމާ ދިމާވާނެއެއްނު، ފޫހިވާ މީހުނާ ވެސް ދިމާވާނެ…. މިއަދު މީ އެހާ ރަނގަޅު ދުވަހެއްނޫން، ރަނގަޅުވާނީ އެ ވާހަކަނުދެއްކިއްޔާ، ޒީނާ ކިހިނެއްތަ؟ އެސައިންމެންޓު ނިމުނީތަ؟” އަރުފީނު ގަދަކަމުން އޭނާގެ މޫޑު ރަނގަޅުކުރެވޭތޯ އުޅުނެވެ.

ޔުނިވަރސިޓީގެ ގޯތިތެރެ ހުސްކޮށް އޮތުމަށްފަހު ވަށައިގެން ހުރި އިމާރާތްތަކުން ކުދިންތައް ނިކުންނަންފެށީ ހިނިހޮރަކުން އެސޮރުމެން ނިކުންނަ އުސޫލުންނެވެ. އަޅާފައި އޮތް ދޫލައެއްފަދަ ފެހިކުލަ ވިނަގަނޑު މަތީ ކުދިންތައް އިށީނދެ އެކި ދިމަދިމާލުގައި ހުރި ބެންޗުތައް ފުރެމުންދިޔައެވެ. އެއްބަޔަކު އަވަސްވެގަތީ ޔުނިވަރސިޓީގައި ހަދާފައި ހުރި ކެފެޓޭރިޔާއާ ދިމާލަށް ދިއުމަށެވެ. ކޯޅިކޯޅިއަށް ދިމަދިމާލުގައި ތިބި ކުދިންތަކުގެ ތެރޭގައި ރުހައިލާއި ފަޒަލް ވެސް ތިއްބެވެ. ބެންޗުގައި އިށީނދެލައިގެން ތިބި އެ ދެ ޒުވާނުންނާއެކު އެމީހުންގެ އެކުވެރިންތަކެއް ވެސް ތިއްބެވެ. ކެފެޓޭރިއާއިން އާފަލަކާއި ފެންފުޅިއެއް ހިފައިގެން ނިކުތް މިލާން އާއި ވިޝާކާ ވަށައިގެން ހޯދާލީ ކޮންމެވެސް ދިމާލެއްގައި ޔަޤީނުން ވެސް ފަޒަލް އާއި ރުހައިލު ތިބޭނެކަން އެނގޭތީއެވެ.

“އެތިބީ… ހައިއްޓެމެން ވެސް އެބަތިބި، އެމީހުން ތިއްބާ ދާކަށް އެހާ ރަނގަޅެއްނުވާނެ” މިލާން ފާޑަކަށް ތުންފިއްތާލިއެވެ.

“ދެން ހިނގާ އެހެންދިމާލެއްގައި އިށީންނަމާ، ހައިއްޓެމެން ދިޔައިމާ ދާނީ، ނޫނީ ފަޒަލްއަށް ވައިބަރކޮށްލަބަލަ، އޭރުން ޔަޤީން އޭނާ އަންނާނޭކަން” ވިޝާކާ ބުނެލިއެވެ.

“ނޫން، ނުކެރޭނެ ވައިބަރކުރާކަށް، އަޅެ ވިޝް ވައިބަރއިން ފަޒަލްއަށް ގޮވާލަބަލަ” ވިޝާކާ އާއިއެކު މިލާނު ވެސް ފަޒަލްމެން ތިބި ދިމާ ފެންނާނޭ ގޮތަށް ހުރި ބެންޗެއްގައި އައިސް އިށީނެވެ. އަދި ދެކުދިން ވެސް އަވަސްވެގަތީ ފޯނު ހުޅުވާލާށެވެ.

“މަ ހާދަ ފޫއްސެއްވެޔޭ ހައިއްޓެއާ ފަޒަލް ވާހަކަދައްކާތީ، ރުހައިލު ކަހަލަ ސްޕޮއިލްޑް ބްރެޓްއެއް، ހީޒް އަ ޗީޓް…” އަތުގައި އޮތް އާފަލުގައި ދަތްއަޅާލި ގޮތުން ހީވީ މިލާންގެ ހިތުގައި އޮތް ރުޅިވެރިކަން ކާން އިން އާފަލަށް ބޭރުކޮށްލިހެނެވެ.

“އޭގެ ފަހުން އޭނާ މިއްމިއަށް އުނދަގުލެއް ނުކުރެއެއްނު” ފެންފުޅީގެ މަތި ނަގަމުން ވިޝާކާ ބުނެލިއެވެ.

“ނުކުރެވުނީ ކީއްވެތަ؟”

މިލާންގެ އެ ސުވާލުން ވިޝާކާގެ ސިކުނޑީގައި ހަރުލާފައިވާ ހަނދާނެއް އާވެގެންދިޔައެވެ. ފެށުނީއްސުރެން ހައިޝަމް އުޅުނީ މިލާންގެ ފަހަތުންނެވެ. ނަމަވެސް ހައިޝަމްއަށް މިލާންގެ ހިތް އަތުލަން ނޭނގުނީއެވެ. މިލާންއަކީ އަގުބޮޑެތިހާ ހަދިޔާތަކުން އޭނާގެ ހިތް އަތުލެވޭނޭ އަންހެންކުއްޖެއްނޫނެވެ. މެދުފަންތީގެ ޢާއިލާއަކުން އައިސްފައި ހުރި އާދައިގެ ދިރިއުޅުމަކަށް ލޯބިކުރާ މަޑުމައިތިރި އަންހެން ކުއްޖެކެވެ. ލިބިފައިވާ ރީތި ސިފައަކީ އޭނާ ފެންނަ ކޮންމެ މީހެއްގެ އަމާޒުފަތްގަނޑަކަށް މިލާން ވާން މެދުވެރިވާ ސަބަބެވެ.

“އަޅާނުލާ، އެކަހަލަ މޮޔައިން ވެސް އުޅޭނެ، އެމީހުނާ ފަޒަލްއާ އެއްވަރެއްނުވާނެ، ހީޒް ހޭސް އަ ޔުނީކް ޕަރސަނާލިޓީ، އެންޑް ހީ ލައިކްސް ޔޫ އަ ލޮޓް، އަހަރެން ފަޒަލްއަށް މެސެޖެއް ފޮނުވާލައިފިން، އޭނާ އިނީ އޮންލައިކޮށް” ވިޝާކާ އެކުވެރިޔާގެ ހިތްހަމަޖައްސާލަދިނެވެ.

ފޯނުން ފޭސްބުކްއަށް ވަދެ އިން ފަޒަލްގެ ފޯނަށް ވައިބަރ މެސެޖެއް އައުމާއިއެކު ވަށައިގެން އޭނާ ހޯދާލިއެވެ. އޭނާގެ ތުންފަތުގައި ދުވެލި ހިނިތުންވުމާއެކު ކޮލުގެ ދެފަރާތުން ތަންކޮޅެއް އަޑިވެގެންދިޔައެވެ. އަވަސްއަވަހަށް މެސެޖެއް ޖަވާބު ލިޔެފައި ފޮނުވާލިއެވެ. ފަޒަލް ބޭނުންވި ޖަވާބު ލިބުމުން އޭނާ ތެދުވަމުން ކުރިމަތީގައި ފޯނަށް ގެއްލިފައި އިން ރުހައިލުގެ ކޮނޑުގައި ޖަހާލާފައި އޭނާއާއެކު އައުމަށް ބުންޏެވެ.

“ތިހެން ނުހީނބަލަ، ހީވަނީ އަންހެނެއްހެން… އަހަންނަށް ފެނޭ ފަޒަލް ސަރޖަރީހަދަން، ފިރިހެނުންގެ ކޮލުގައި ޑިމްޕަލް ހުރީމަ ހީވަނީ އަންހެނެއްހެން” ތިރީތުންފަތުގައި ދަތްއަޅާލައިގެން އެހާ ބޮޑަށް ހިނިތުންނުވާން މަސައްކަތްކުރި ފަޒަލްގެ މޫނު ފެނުމާއެކު ރުހައިލު ބުނެލިއެވެ.

“ގްރަމްޕީ” ރުހައިލުގެ ކޮނޑުގައި ޖަހާލަމުން ފަޒަލް ބުނެލިއެވެ. އަދި ގަދަކަމުން ރުހައިލު ގޮވައިގެން ކުރިއަށް ހިނގައިގަތެވެ. އެވަގުތު ފަޒަލްގެ މިސްރާބު ހުރީ ކޮންދިމާލަކަށްކަން އެނގި ރުހައިލުގެ ފައިތިލަ ގަނޑުވިހެން ހުއްޓުނެވެ.

“މިލާން ގާތު ތި ހިތުގައި އޮތް އެއްޗެއް މިއަދު ބުނަންވާނެ، އަދި މީގެ ފަހުން ކަލޭމެން ދެމީހުން ބައްދަލުކުރޭ، ތި ދޭތެރެއަށް އަހަރެން ނުވައްދާ” ރުހައިލު ބުނެލިއެވެ.

“ކިހިނެއްވީ؟ ވިޝް އިނީމަތަ؟… ކޮބާތަ މައްސަލައަކީ؟ ޝީޒް އަ ނައިސް ގާލް، ރުހައިލު ލައިކް ނުވުވިޔަސް އޭނާއާ ވާހަކަދެއްކި ދާނެއެއްނު، އެކަމުން ލިބޭނެ ގެއްލުމަކީކޮބާ؟ ތި ވަރަށް ފޫހި ވާހަކަށް ނުވާނެ، ތިހެން އުޅެފައި ރުހައިލު ލޯބިވާނީ ހަމަ އެ ވިޝާކާދެކެ ހެން ވަރަށް ހީވޭ” ފަޒަލް އަތުގައި ހުރި ބާރެއްލާފައި ރުހައިލުގެ ބުރަކަށީގައި އަތްއަޅައި ކުރިއަށް ކޮށްޕާލިއެވެ.

އިތުރު ގޮތެއްނެތިފައި ހުރި މީހަކު އަންނަ އުސޫލުން ރުހައިލު އައިސް މިލާންމެން ތިބި ބެންޗުގައި އިށީނެވެ. ފަޒަލް ކަމަކަށްވީ ފުރަތަމަ ވެސް މިލާންއާ ސަމާސާކޮށްލުމުގެ ގޮތުން އެއްޗެއް ބުނެލުމެވެ. ފޯނުނަގައި އެއާ ކުޅެން ފެށި ރުހައިލުގެ ކުރިމަތީ އިން ވިޝާކާ ވެސް ފޯނާ ކުޅެން ފެށިއެވެ. ނަމަވެސް ރުހައިލު ދޭތެރެ ދޭތެރެއިން ވިޝާކާއަށް ބަލާލައެވެ. އޭނާގެ ސިކުނޑީގައި ފަޒަލް ބުނި ވާހަކަތައް ތަކުރާރުވަމުން ދިޔައިރު އެހެންވެދާނެކަމަކަށް ރުހައިލުގެ ޟަމީރު އެއްބަހެއްނުވެއެވެ.

“ނޮޓް ބޭޑް…” ކުރުކޮށް ކޮށާލަފައި ހުރި އިސްތަށިތަކުން ނިތްމަތި ފޮރުވައި އިން ވިޝާކާގެ މޫނަށް ބަލަމުން ރުހައިލު ހިތާހިތުން ބުނެލިއެވެ.

އެކިއެކި ވާހަކަތައް ދެއްކިއިރު ވެސް މިލާންއަށް އަރުފީނުގެ ވާހަކަ އަހާކަށް ނުކެރުނެވެ. އެކަން ވިޝާކާއަށް ފާހަގަކުރެވި ޚުދު އޭނާ އެ ވާހަކަ ދައްކަންފެށިއެވެ. އެއާއެކު ފަޒަލް އެއްވެސް ފޮރުވުމެއްނެތި އަރުފީނަކީ ކާކުކަން ކިޔައިދިނެވެ. ރުހައިލުގެ މަންމަ އަރުފީނާމެދު ޙާއްޞަ ސަމާލުކަން ދޭކަމުގައި ބުންޏެވެ. އެހެންވީމަ އެއްވެސް ކުއްޖެއް އެގޭގައި ތަފާތުކުރުމެއް ނޯންނާނެކަން ފަޒަލް ބުނެދިނެވެ. ވަގުތުން މިލާންގެ ހިތަށް ފިނިކަމެއް އިހުސާސްކުރެވުނެވެ. ހިނިއައިސްފައި ވިޝާކާ ބަލަން އިނީ މިލާންގެ މޫނުމަތިން ފެނިގެން ދިޔަ ހަމަޖެހުމުގެ އަސަރުތަކުންނެވެ. ރުހައިލަށް ހަމަޖެހުން ލިބުނީ ފަޒަލް، މިލާންއާ އުޅޭލެއް ގާތްކަން ފެނިފައެވެ. އެ ދެމީހުން ގުޅެން ދެން މާގިނަ ދުވަހެއް ނުނަގާނޭ ހިތަށް އަރާފައެވެ. އެއްގޮތަކަށް ވެސް އެ ދެމެދަށް އަރުފީނު ވަންނަން ރުހައިލު ބޭނުމެއްނުވެއެވެ.

ކިޔެވުން ނިންމާފައި ގެއަށް އައިސް ވަންގޮތަށް ފަޒަލް ދިޔައީ އޭނާގެ ގެއަށެވެ. ރުހައިލާއެކު ލިފްޓަށް އަރަން އައި އަރުފީނު ފެނި އޭނާ ލޯހިމަކޮށްލިއެވެ. އަދި ދެއިނގިލި އޭނާގެ ލޮލާ އެއްފަހަރު އަމާޒުކޮށްލާފައި އަނެއްފަހަރު އަރުފީނަށް އަމާޒުކޮށްލީ އޭނާ އަރުފީނުގެ ހުރިހާކަމެއް ބަލާނަމޭ ބުނާ ހެނެވެ. މޫނު ހަދާލަމުން ދެކޮނޑު އަރުވާލާފައި ތިރިކޮށްލި އަރުފީނު ބާރުބާރަށް ކާކޮޓަރިއާ ދިމާލަށް ދިޔައެވެ. އޭނާއަށް ވީގޮތް ފެނި ލިފްޓުގެ ތެރޭ ހުރި ރުހައިލު ހޭންފެށީ ބޭނުންވިގޮތަށް އަރުފީނު ރުޅިއަރުވާލެވުނީއޭ ހިތައެވެ.

ހަވީރު ގެއަށް އައިސް ވަން މަލީކުގެ ފަހަތުން ޝާރުދާގެ ކޮޓަރިއަށް އައެވެ. ކަރުގައި އޮތް ޓައީ ނަގާ އެނދުމައްޗަށް އެއްލާލުމާއެކު ލައިގެން ހުރި ކޯޓު ބޭލުމަށް މަލީކު އުޅުނެވެ.

“ހަމަޖެހިއްތަ؟ އިޒުވާނު އުޅެނީ މިހާރު ވެސް ލަސްވެގެން” ޝާރުދާ ފަހަތުން އައިސް މަލީކުގެ ކޯޓުގައި ހިފާލަމުން އޭނާއަށް އެހީތެރިވަމުން ބުނެލިއެވެ.

“ހަމަޖެހިއްޖެ، ކުރިއަށް އޮތް ހަފްތާތެރޭ އިޒުވާނު ބޭނުންވާ ދުވަހަކު ހަފްލާ ބާއްވަންވީ، މިރޭ އަދި އެބަޖެހޭ މާޖިދުއާއެކު ރިސޯޓުގެ ބޮޑުމީހަކާ ބައްދަލުކޮށްލަންދާން، އިޒުވާނު ވެސް ގޮވައިގެން ދާނީ، އޭނައަށްތާ އެނގޭނީ އެކޮޅު ތައްޔާރުކުރަންވީ ކިހިނެއްކަން، މާޖިދު ގުރޫޕެއް ވެސް ހޯދައިދީފި، އެމީހުންނަކީ ރާއްޖޭގައި މިހާރު ތިބި އެންމެ ފުރިހަމައަށް އެ ފަދަ ހަފުލާތައް ރާވާ ބައެއްކަމަށް ބުނި… ޝާރުދާ، އަހަރުމެންގެ އިޒުވާނު ވަރަށް ބަދަލުވެއްޖެކަން އަހަންނަށް އެނގޭ، އޭނާގެ އަމިއްލަ ވަޒަނަކީ މީ، އެކަމަކު މިތަނުގައި އުޅެން އޭނާ އެއްގޮތަކަށް ވެސް ބޭނުމެއްނުވޭ، އަހަރުމެންގެ ދީނާމެދު ވެސް އެ ދަރިފުޅު ނުވިސްނާ، ޅައުމުރުގައި ރާއްޖޭން ބޭރަށް ފޮނުވުމަކީ އަހަރުމެންނަށް ހެދުނު ގޯހެއްތަ؟” މަލީކު އައިސް ކޮޓަރީގައި ހުރި ކުޑަ ސޯފާގައި އިށީން ގޮތުން އޭނާ އެއިނީ އިޒުވާނާ މެދު ކަންބޮޑުވެފައިކަން ޝާރުދާއަށް އެނގުނެވެ.

“ނުބައި ގޮތަކަށް ނުވިސްނަމާ، ފަހަރެއްގައި އިޒުވާނު އަދިވެސް ޚިޔާލު ބަދަލުވެދާނެ، ޝެރީލްއާ ކައިވެނިކުރުމަކުން އަހަރެންގެ މައްސަލައެއްނެތް، އެކަމަކު ދިރިއުޅުން އެކޮޅަށް ބަދަލުކުރާތީ އަހަރެން ވެސް ހާސްވަނީ، މުސްލިމު ނޫންބައެއްގެ ތެރޭގައި އިޒުވާނަށް މަގުދައްކާކަށް އެކަކު ވެސް ނުހުންނާނެ، އެމީހުންގެ ހަފްލާތަކުގައި ހަރާންބުއިންތަކާއި ހަރާން ކާތެކިތި އަތުރާފައި ހުންނައިރު އެކަން މަނާކުރުމުގެ ބަދަލުގައި ހިތްވަރުދޭނެ އެތައްބަޔަކު ތިބޭނެ، ޚުދު ޝެރީލްއަކީ ވެސް އެހެން އުޅޭނޭ ކުއްޖެއްކަން އެނގޭ، ކައިވެންޏަށްފަހު ރަނގަޅު ފިރިއަކު އޭނާގެ އަނބިމީހާގެ ބަސް ވަރަށް ގިނަ ފަހަރު ޤަބޫލުކުރާނެ، ނުބައިކަންކަމަށް އަރައިގަނެވެނީ އެހެންވެ…. އެކަމަކު…. ހީވަނީ މިހާރު މާ ލަސްވެއްޖެހެން، ކައިވެންޏާ ދެކޮޅު ހަދައިފިއްޔާ ފަހަރެއްގައި އިޒުވާނު އަހަރުމެން ދޫކޮށް ހިނގައިދާނެ، އެހެންވާކަށް ވެސް ބޭނުމެއްނޫން، އޭރުން އަހަރުމެންގެ ބަހެއް އެކުއްޖާ ނާހާނެ” ޝާރުދާ ވެސް އިނީ މަލީކުގެ ގާތުގައި އިށީނދެލައިގެންނެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *