ޝަބާއަށް އޭނާގެ ހިތުގެ މައްޗަށް ބާރެއް ނުފޯރުވި، އެގޮތަށް ރޯން އިނީ ކިހާއިރެއްވަންދެން ކަމެއް ނޭނގެއެވެ. ނާއިލު ފުންނޭވާއެއް ލީ އަޑާއިއެކު ޝަބާއަށް އެނދާ ދިމާލަށް ބަލާލެވުނެވެ. އެވަގުތު ނާއިލުގެ ބޯހަރަކާތްކުރިތަން ފެނިފައި އަވަސް އަވަހަށް ދެއަތުން މޫނުފޮހެލިއެވެ. އޭނާ ރޯއަޑުއިވިގެން ނާއިލު ހޭލަފާނެތީ ޝަބާ ކަންބޮޑުވީއެވެ.
ގްރީން ހައުސް ތެރޭގައި ދިއްލާފައި ހުރި ބޮކީގެ އަލިވަނީ ކުޑަދޮރުން ލާފައި އެކޮޓަރިތެރެއަށް އެޅިފައެވެ. ޝަބާ އެކޮޓަރިއަށް އައިފަހުން ނިދިމަޑުވެފައިވާ ނާއިލުއަށް ކުޑަކުޑަކޮށް ލޯ ހުޅުވާލެވުމާއިއެކު ކުޑަދޮރުގެ ކައިރީ މީހަކު އިންކަން ވަރަށް ރަނގަޅަށް ފާހަގަ ކުރެވުނެވެ. ނިދިބަރު ކަމުގެ ތެރެއިންވެސް އޭނާގެ ހިޔާލަށް އެވަގުތު އައީ މަނާރެވެ. އެގޮތަށް ކުޑަދޮރުގެ ކައިރީ އެންމެ ގިނައިން އިންނަނީ އޭނާއެވެ. އެއީ މަނާރުގެ ޚާއްޞަ މަގާމެކެވެ. ދެލޯ މަރާލާފައި ނާއިލު ހުޅުވާލީ އެހިޔާލުތަކުން ބޭރުވުމަށެވެ. ހަގީގަތާ ކުރިމަތިލާށެވެ. އޭނައަށް ކުޑަދޮރުގެ ކައިރީ މާޔޫސްވެފައި އިން ޝަބާ ފެނުނެވެ. އަދި އެޅިފައި ހުރި އަލީގައި ޝަބާގެ ކޯތާފަތުގައި ދަޅައަޅަމުންދިޔަ ކަރުނައިގެ އަސަރުވެސް އޭނާއަށް ފެނުނެވެ. ޝަބާ ރޯތަން ފެންނަ ކޮންމެ ފަހަރަކު ނާއިލުގެ ހިތަށް ތަދުވަނީއެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް އަންހެން ކުއްޖަކު ރޯތަން ދެކިފައި ނުވާތީކަމަށްވެސް ވެދާނެއެވެ. ޝަބާގެ ގާތު ނުރޯށޭ ބުނެވެނީވެސް އެހެންވެއެވެ. ނަމަވެސް މިވަގުތު ނާއިލު އެއްވެސް އެއްޗެއް ބުނަން ބޭނުންނުވީ، އޭނާގެ ސަބަބުން ޝަބާއަށް އިތުރު ތަކުލީފެއް ލިބިދާނެއޭ ހީވާތީއެވެ. އަނެއްކާވެސް ޝަބާ ދެލޯ ފޮހެލިތަން ފެނުނެވެ. އަދި މިފަހަރު ނާއިލުއަށް ވަރަށް ގިނައިރު ބަލަހައްޓައިގެން އިނދެފައި މަޑުމަޑުން ތެދުވިއެވެ. އެއާއިއެކު އަވަސް އަވަހަށް ނާއިލު އޭނާގެ ދެލޯ މަރާލީ ޝަބާއަށް އޭނާ ހޭލާ އޮތްކަން އެނގިދާނެތީއެވެ. ދެން އޭނާއަށް އަޑުއިވުނީ ވަރަށް މަޑުން ކޮޓަރީގެ ދޮރުހުޅުވިފަ ލެއްޕުނު އަޑެވެ. ދެލޯ ތަންމިނަށް ހުޅުވާލުމާއިއެކު ނާއިލު ބަލާލީ ގޭގެ އެތެރެފަރާތަށް ނުކުންނަން ހުރި ދޮރާދިމާލަށެވެ. އަދި އޭރު ކުޑަދޮރު ހުރަސްކޮށް ކޮރިޑޯއިން ދިޔަ ޝަބާ ނާއިލުއަށް ފެނުނެވެ. މިފަދަ ވަގުތެއްގައި ޝަބާ އެއުޅެނީ ކީއްކުރަން ބާއޭ ނާއިލުގެ ހިތަށް އެރިއެވެ. ފަހަތުން ދާން ކުއްލިއަކަށް ނާއިލު ބޭނުންވިއެވެ. ނޭނގިނަމަވެސް ހަށިގަނޑަށް ބާރުލެވެން ފެށުނެވެ. ތެދުވެވޭނެ ނަމައޭ ހިތަށް އަރަމުންދިޔައިރު އަމިއްލަ ހަށިގަނޑަށް، ތެދުވުމަށް ހިތްވަރު ދިނެވެ. ސިކުނޑީގެ ސަމާލުކަމަށް މުޅި ހަށިގަނޑުގެ ހުރިހާ ގުނަވަނެއްހެން ގެނެއެވެ.
ނުރުހުންވެ ހުރެ ކޮޓަރިތެރޭ ދެކޮޅަށް ހިނގަމުންދިޔަ ނަވާލު ހުރީ ހަމައިންނައްޓާވަރުވެފައެވެ. އަތުގައި އޮތް ފޯނަށް އިރުއިރުކޮޅާ ބަލާލެވެއެވެ. މީގެ ކުރިން އެހާ ބޮޑުކަމަކަށް މޯނާގެ އުޅުން ނުވާ ނަވާލުގެ ހިތްހަމަ ނުޖެހުން އިތުރުވެފައިވަނީ އަރީޖު މެންގެއަށް ގޮސްފައި އައިފަހުންނެވެ. އަނެއްކޮޅުން މޯނާ ފޯނު ނުނަގާތީއެވެ. ދެން އަރީޖުގެ ފަރާތުން އޭނާގެ ކަންފަތަށް އަޑުއިވުނު ވާހަކަތަކުންނެވެ. ދެމަފިރިންނަށް އެރުވި ދައުވަތަކަށް އެކަނި ދާންޖެހުމުން އޭނާ ލަދުގަތްވަރުންނެވެ. މޯނާ އާއިއެކު ނަވާލަށް ލިބޭ އުފަލަކީ ހަމައެކަނި އެދެމީހުންގެ ކޮޓަރީގެ ހަތަރު ފާރުގެ ތެރޭގައި އެލިބޭ އުފަލެކެވެ. އެވަރުން ނަވާލުގެ ހިތެއް ނުފުރެއެވެ. އޭނާގެ އަނބިމީހާ ގޮވައިގެން ތަންތަނަށް ދާން ބޭނުންވެއެވެ. އެހެންމީހުންނަށް އޭނާގެ އަނބިމީހާ ދައްކާލަން ބޭނުންވެއެވެ. އޭނާ ލޯބިވާވަރު މޯނާއަށް އެކިގޮތްގޮތުން ބުނެދޭން ބޭނުންވެއެވެ. ނަވާލަށް އޭނާގެ ދަތްދޮޅީގައި އަތްހާކާލެވުނެވެ. ދެންވެސް އޭނާގެ ދެފަޔަށް ހުއްޓުމެއްނައެވެ. ރުޅިވަނީ ހައްތަހާ ގަދައެވެ. އަތުކުރީ އޮތް ގަޑިއަށް ބަލާލެވުނީ އިޙްތިޔާރަކާއި ނުލައެވެ. މެންދަމުން އަލިވެ ތިނެއް ޖަހަނީއެވެ. ނަވާލަށް ދެފަރާތަށް ބޯހޫރުވާލެވުނެވެ. ކޮޓަރީގެ އޭސީ އިން ފިނިކަމެއް އިޙްސާސް ނުކުރެވުނެވެ. ކޮޓަރީގެ ދޮރު ތަންމިނަށް ހުޅުވާލުމާއިއެކު އެނދުމައްޗަށް ފޯނު ހޫރާލާފައި ކޮޓަރިން ނުކުތެވެ. ބެލްކަނީގައި އައިސް އަޅުވާލި ދެއަތުގެ ތެރޭ އޭނާގެ ބޯހިފަހައްޓާލިއެވެ. މަޑުމަޑުން ޖެހެމުންދިޔަ ފިނިފިނިވައިރޯޅިތަށް އޭނާގެ ކަސްރަތީ ރީތި ހަށިގަނޑުގައި ބީހިލުމާއިއެކު ފުންނޭވާއެއް ދޫކޮއްލެވުނެވެ. ކަޅާހުދުގެ ބިލަބޮންގް ސޯޓެއްގައި ހުރިއިރު އޭނާގެ ހަށިގަނޑުގެ ފޫޅުން މަތިވަނީ ހާމަކޮއްލެވިފައެވެ. މޯނާއަށް ނަވާލު ފާހަގަ ކުރެވުނު ސަބަބަކީވެސް އެއީއެވެ. ނަވާލުގެ ރީތި ހަށިގަނޑުގެ ސަބަބުންނެވެ. ގިނަ ރަޙުމަތްތެރިންގެ ލޯތަކުން، އެމީހުން އުފާހޯދަމުންދިޔައެއް ކަމަކު، މޯނާ ބޭނުންވީ ނަވާލަކީ އޭނާގެ މިލްކަކަށް ހެދުމަށެވެ. އެހަށިގަނޑުގައި އަތްބީއްސާލުމާއިއެކު، އެހަށިގަނޑުގެ އުފާ ލިބިގަންނަ ނަސީބުވެރި އަންހެން ކުއްޖަކީ އޭނާ ކަމުގައި ވާށެވެ. އޭނާ އެކަންއެވަނީ ވަރަށް ފުރިހަމައަށް ކާމިޔާބުކޮއްފައެވެ.
ކުއްލިއަކަށް ހަމަހިމޭން ކަމުގެ ތެރެއިން ނަވާލަށް އަޑެއްއިވުނެވެ. ފުރަތަމަ އޭނާ ސިހުނީއެވެ. ވަށައިގެން ހޯދާލެވުނީ ދަންވަރުގެ އެފަދަ ވަގުތެއްގައި މީހެއްގެ ހިލަމެއްވެދާނެއޭ ހީނުކުރާތީއެވެ. ޔަގީނުންވެސް އެގަޑީގައި އެގޭގެ ހުރިހާ މީހުން ތިބޭނީ ނިދާފައިކަން އެނގޭތީ އާއިއެކުއެވެ. ފާޑެއްގެ ބިރެއް ގަނެފައި ހުރެ ނަވާލު އަޑުއަންނަމުން ދިޔަ ދިމާ ފާހަގަ ކުރިއެވެ. ތިރިން ފެންނަން އޮތީ ގްރީން ހައުސްއަށްވެފައި، ތިރީގައި ހިނގާކަމެއް ރަނގަޅަށް ފެންނަވަރު ނުވީ ގްރީން ހައުސްގެ މަތި ދާގަނޑަކުން ނިވާކޮއްފައި އޮތުމުންނެވެ. އެހެންނަމަވެސް ނަވާލު ބެލްކަނީގެ ތަނބުކައިރިއަށް ޖެހިލަމުން ލޯ ހިމަކޮއްލާފައި ތިރި ހޯދަންފެށިއެވެ. ނާއިލުގެ ކޮޓަރި އާއި ދިމާ ކޮރިޑޯގައި ހުރި ގޮނޑީގައި ކޮންމެވެސް މީހަކު އިންކަން ނަވާލަށް ޔަގީންވީ އެހިސާބުންނެވެ. އަދި ހިމޭންކަމުގެ ތެރެއިން ވައިރޯޅި އޭނާގެ ކަންފަތާއި ހަމައަށް ފޯރުކޮއް އެދިނީ އަންހެން ކުއްޖެއްގެ ގިސްލުމުގެ އަޑުކަން ނަވާލަށް އެނގުނެވެ. އެހިނދު އޭނާގެ މޭ ފިނިވެގެން ހިނގައްޖެއެވެ. އެގަޑީގައި އެތަނުގައި ރޯން އިންނާނީ ކާކު ބާއޭ ހިތަށް އެރުމާއިއެކު، ކުއްލިއަކަށް ޝަބާގެ ނަން އޭނާގެ ދުލުން ކިޔުނެވެ. ކުރިއަށްވުރެ ބޮޑަށް ބެލްކަނިން ބޭރަށް ގުދުވެލުމާއިއެކު ނަވާލު ބަލަންފެށިއެވެ. އޭނާގެ ކައިރިއަށް އައިސްފައި ހުރި ރުޅިވެސް ފިލާހިނގައްޖެއެވެ.
އާދުވަހަކަށް އިރުއަރަން ބޭނުންނުވެފައި އިން ޝަބާގެ ނޭފަތް އެތެރެއަށް ދަމާލާ އަޑާއިއެކު ގިސްލުމުގެ އަޑުން ވަށައިގެންވި ހިމޭންކަން ފޫއްދުއްވާލަމުން ދިޔައެވެ. ދެފައި ނަގާ މެޔާއި ކައިރީކޮއްލައިގެން ދެއަތުން ކަކޫވަށާއިލެވިފައި ވާއިރު ޝަބާގެ ދަތްދޮޅި ފައިގައި އަޅުވާލެވިފައި ވެއެވެ. ގޮނޑީގައި އިންގޮތުން އޭނާއަށް ވުރެ ގޮނޑި މާބޮޑުހެން ހީވެއެވެ. އޭނާގެ ކަރުނައަކަށް ނިމުމެއްނެތްކަން އެނގުނީ ކަންނޭގެއެވެ. ދެލޯ ފޮހެމުން ތެދުވެގެން އައިސް ކޮރިޑޯގައި ހުރި ތަނބުގެ ކައިރީ މަޑުކޮއްލީ ނިދާފައި ތިބި ގަސްތަކަށް ބަލަހައްޓައިގެން ހުރެއެވެ. އަރާމުނިދީގައި އެއެއްޗެހި ވީތަން ފެނުމުން އެކަމާ ޝަބާގެ ހިތް ހަސަދަވެރިވިއެވެ. އެވަގުތު އޭނާގެ ހިތާމައިގައި ބައިވެރިވާނެ އެކަކުވެސް ނުވީމައެވެ. ފަނިފަކްސާ އެއް ހާ ހިސާބުވެސް އޭނާގެ އަޑުއިވިގެން ގޮވާނުލިއެވެ. އެހެންހުރިއިރު ޖެހިލާ މަޑު ވައިރޯޅިތަކުން ޝަބާގެ ކަރުނައިގެ އަސަރު ފާޅުވަމުންދިޔަ މޫނަށް ފިނިކަން އިޙްސާސްކޮއްދެމުންދިޔައެވެ. މަޑުމަޑުން އަޅައިފައި ހުރި ބުރުގާ ޝަބާ ބޭލިއެވެ. މުޅި ދުވަހު މިހާރު އޭނާއަށް ޖެހެނީ ބުރުގާ އަޅައިގެން އުޅޭށެވެ. ނިދަންވެސް ޖެހެނީ އެއާއިއެކު އެވެ. އެހެންވެ ބޮލަށް ފިނިކަމެއް ދޭން އޭނާ ބޭނުންވީއެވެ. އަތުގައި އޮތް ބުރުގާއިން ދެލޯ ފުހެލުމަށްފަހު މަޑުމަޑުން ބޮލުގައި ޖަހާލާފައި ހުރި ހުޅި ނައްޓާލިއެވެ. އެއާއިއެކު ހީވީ ކަޅުކަން ގަދަ ސިލްކުގެ ފޮތިފޭއްޗެއް ދޫވެގެން ފޭބިހެންނެވެ. މިނިވަން ކަމާއިއެކު ނިއުޅިގެން ދިޔަ އިސްތަށިގަނޑުގެ ކޮޅު އައިސް ބީހިލީ ޝަބާގެ ބުޑުން ތިރި، ފައިގެ ފަލަމަސްގަނޑާ ހިސާބުގައެވެ. ދެރައީ އެމަންޒަރުތައް ބަލަން އެތަނުގައި މީހަކު ހުރިކަން ޝަބާއަށް ނޭނގުނުކަމެވެ.
ކުރަމުންދިޔަ މަސައްކަތުގެ ބާރު ކުރަނީ ނާއިލުގެ ސިކުނޑިއަށެވެ. އޭނާ ދާހިތްލާ ފޯވަން ފަށައިފިއެވެ. އެކަމަކު އަދި ހިތްވަރު ދޫކޮއްލާކަށް ބޭނުމެއްނޫނެވެ. ހިތް އެދެނީ ޝަބާގެ ގާތަށް ދިއުމަށެވެ. އެހިތާ ދެކޮޅު ހަދާނެހާ ހިތްވަރެއް އޭނާގެ ނެތެވެ. އެހެންނަމަވެސް އިނގިލި ކުރިވެސް ހަރަކާތްނުކުރިއެވެ. ކުއްލިއަކަށް ކޮޓަރިއަށް އިތުރު ހިޔަންޏެއް އެޅުނުހެން ނާއިލުއަށް ހީވުމާއިއެކު ކުޑަދޮރުން ބޭރު ބަލާލެވުނެވެ. ފެނުނު މަންޒަރުން ކުރިއަށްވުރެވެސް ބޮޑަށް ބޯހިއްލާލަމުން ނާއިލުއަށް ބަލާލެވުނެވެ. މަޑުމަޑުން ވައިރޯޅި ކުޅެމުންދިޔަ ޝަބާގެ އިސްތަށިގަނޑު ނާއިލުއަށް ފެނުނެވެ. އެ ފަދަ ދިގު އިސްތަށިގަނޑިއެއް ނާއިލު މީގެ ކުރިއަކުން ނުދެކެއެވެ. އިތުރު ޝައުގުވެރި ކަމަކާއިއެކު ނާއިލުއަށް ބަލަން އޮވެވުނީއެވެ. ޝަބާ އޭނާގެ އިސްތަށިގަނޑުގައި އަތްފުނާ އަޅާލުމާއިއެކު އިސްތަށިގަނޑުގެ ތެރެއަށް ވައިވައްދާލަން ބޭނުންވި ކަހަލައެވެ. ނޫނީ އިސްތަށިތައް ރޫޅާލާ ހާވާލަން ބޭނުންވި ކަހަލައެވެ. އެގޮތަށް ޝަބާ ހުއްޓަ އޭނާގެ ގާތަށް ދާން ނާއިލު ވަކިން ބޭނުންވިއެވެ. ހިތުގައި އެ އަންހެން ކުއްޖާ ފުރިހަމަ ގޮތުގައި ބަލާލުމުގެ ޝައުގުވެރިކަން އެހެން އެއްވެސް ކަމަކަށްވުރެ ނާއިލުއަށް މުހިންމު ވެއްޖެއެވެ. އެބުރުގާ އާއި ލާފައި ހުރި ބޮޑު ހެދުމުގެ ނިވަލުގައިވަނީ ކޮންކަހަލަ އަޖައިބެއްތޯ ބެލުމުގެ ޝައުގު، ނާއިލުގެ ސިކުނޑިއަށް ވެރިވެގަނެއްޖެއެވެ. އެނޫން އެއްވެސް ކަމަކާމެދު އޭނާ އަށް ނުވިސްނޭހާ ވަރުގަދަ ހިޔާލަކުންނެވެ.
ބެލްކަނީގައި އެލިގެން ކަހަލަ ގޮތަކަށް އޮތް ނަވާލްގެ އަނގަ ހުޅުވުނީ އެކަން ނޭގިއެވެ. ލިބުނު ފިނިކަމުގެ ބަދަލުގައި ފެނުނު މަންޒަރުން ނިތްކުރިން ދާތިކި ހިލިލައިފިއެވެ. އެއީ އޭނާ ބަލައިގެން ނުވާނޭ މަންޒަރެއްކަން ޒަމީރު ގޮވާލިނަމަވެސް، ޝަބާގެ އެސިފަ ފެނުމުން އޭނާގެ މޫނު އެހެން ދިމާލަކަށް އަނބުރައެއް ނުލެވުނެވެ. ހިތާ ސިކުނޑީގައި ތަފާތު ހިޔާލުތަކެއް އުފެދެން ފެށިއެވެ. ގްރީންހައުސްގެ ދާގަނޑުގައި ހުރި ލޯވަޅުތަކުން އެމަންޒަރު ފެންނަވަރާއިމެދު ހިތްހަމަނުޖެހުނެވެ.
“ހޭ ބޭބް، ބެލްކަނީގަ ބަނޑުއަޅައިގެން ކީއްތަ ތިކުރަނީ…” ކުއްލިއަކަށް ނަވާލަށް އިވުނީ މޯނާގެ އަޑެވެ. ސިއްސައިގެން ދިޔަނަމަވެސް އެގޮތް ނުދައްކާ ނަވާލު އޭނާގެ މޫނު ކުނިކޮއްލިއެވެ. އަދި ރުޅިވެރިކަން ދައްކާލަމުން އޭނާ އާއި ހަމައަށް މޯނާ އަޔަނުދިނުމަށްޓަކައި ކުރިއަށް ހިނގައިގަތެވެ. މޯނާގެ އަތުގައި ހިފާ ކޮޓަރިއަށް ވެއްދިއެވެ.
“ބޭބްސް، އާ ޔޫ އޯކޭ” މޯނާ ވާހަކަދެއްކީ ވަރަށް ހަމަޖެހިލައިގެންނެވެ.
ނަވާލު ކޮޓަރީގެ ދޮރު ތަޅުލުމާއިއެކު ފާޚާނާއަށް ވަންނަން ދިޔަ މޯނާ ހުއްޓުވިއެވެ. އަދި ގަދަކަމުން އަތުގައި ހިފާލުމާއިއެކު އޭނާގެ ގާތަށް ލުއްކިއެއް ޖެހިއެވެ. އެއާއިއެކު މޯނާ އައިސް ތަތްވީ އޭނާގެ ތަނަވަސް މޭގައެވެ. ވާނުވާ ނޭނގިފައި ހުރި މޯނާއަށް ލިބުނީ ނަވާލު ދޭން ބޭނުންވި ސިގްނަލެއް ނޫނެވެ.
“މިރޭ ފެންވަރާލައިގެން އަންނަންދެންވެސް މަޑެއް ނުކުރެވުނުތަ، ލެޓްސް ގޯ” ތުއި ގޮތަށް މަސްތުވެރިކަން ދެލޮލަށް ވެރިކުރުވަމުން މޯނާ ނަވާލަށް ބަލާލަމުން ބުންޏެވެ.
ނަވާލު މޯނާގެ ގައިން ވަސްބަލަން ފެށިއެވެ. އޭނާގެ ދެއަތްތިލަ އާއި އަނގައިންވެސް ވަސްގަތެވެ. މޯނާ އަދިވެސް މިވަނީ ކިހިނެއްކަން ނޭނގިފައި ހުރެ އޭނާގެ ހަށިގަނޑު ނަވާލުގެ އަތުގެތެ ތެރެއަށް ދޫކޮއްލަން މަސައްކަތް ކުރަމުން ދިޔައެވެ. ދެލޯ މަރާލައިގެން ހުރެ ނަވާލުގެ ކަންފަތްކައިރީ މޯނާ ބޮސްދިނުމާއިއެކު ނަވާލު އޭނާ ދުރަށް ކޮއްޕާލިއެވެ. ލިބުނު ސިހުމާއިއެކު މޯނާގެ ދެލޯ ބޮޑުވިއެވެ. ދުވަހަކުވެސް ނަވާލު އެފަދަ ނާޒުކު ވަގުތެއްގައި މޯނާ އާއިމެދު ކަންތައް ކުރިގޮތް ނޫންވީމަ އޭނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ނަވާލުގެ މޫނު މަތީގައިވާ ނުރުހުމާ ރުޅި، މޯނާއަށް ފެނުނީ ދެނެވެ.
“އަހަރެން ޓްރަސްޓު ކުރަން މޯނާއަށް، އަހަރެންގެ މުޅި ދުވަސް ނިމިގެންދާގޮތް މޯނާއަށް އޮޅިފައެއް ނޯންނާނެ، އެއީ އަހަރެން މޯނާއަށް އެއްވެސް ކަމެއް އޮޅުވާލާފަ ބާއްވަން ބޭނުންނުވާތީ… އެކަމަކު މޯނާ ކަންތައް ތިކުރީ އެހެންތަ، ކީއްވެތަ މޯނާއަށް އަހަރެން ގާތު ނުބުނެވޭވަރުގެ ވާހަކަތަކެއް ހުންނަންވީކީ” މޯނާ އެއްޗެއް ބުނަން އަނގަހުޅުވާލި ވަގުތު ނަވާލު ވަރަށް ބާރަށް ވާހަކަދައްކަން ފެށިއެވެ.
“ބޭބްސް، ހަމަޖެހިބަލަ، އަހަރެން ކޮންވާހަކައެއް ނުބުނެގެންތަ ތިއުޅެނީ” އަދިވެސް މޯނާއަށް ވެގެން އުޅޭ ގޮތެއް ނޭނގެއެވެ.
“އަހަރެން އަބަދުވެސް ހުންނަނީ ހަމަޖެހިފައޭ، އެއްވެސް ކަމަކާ މޯނާ އާއި ޝަކުވާއެއް ނުކުރަމެންނު، ބޭނުން ވަރަކަށް މިނިވަންކަން ދީގެން މިއުޅެނީ، އެކަމަކު އަހަރެން މިރޭ މޯނާ ކައިރީ އައިސްދޭށޭ ނުބުނަންތަ، އަހަންނަށްވުރެ މޯނާގެ ރަޙުމަތްތެރިން މުހިންމެއް ނުވާނެ، އަހަރެން ކިތައް ފަހަރަށް މޯނާގެ ފޯނަށް ގުޅާފަ ހުރިތޯ ބަލާބަލަ، މޯނާ މިހާރު އަހަންނާއިއެކު ބޭރަށް ދާން ބޭނުންނުވަނީތަ، އަދި ނުވިތާކަށް ސިގިރޭޓުވެސް ބޮނީ، ހަފްތާއަކު ރިސޯޓަކަށް ނުދާ ދުވަހެއް އެބަދޭތަ، އަހަންނަށް މިހާރު ނޭނގޭ މޯނާ ރާވެސް ނުބޯކަމެއް… ތިވަރުވާންވީ ސަބަބެއް އަހަންނަށް ބުނެދީބަލަ” ރުޅި އައިސް ރަތްވެފައި ހުރި ނަވާލުގެ އެސިފަ މޯނާއަށް މީގެ ކުރިން ނުފެނެއެވެ. އިރުކޮޅަކު މޯނާ އެއްޗެއް ނުބުނެ ހުރެފައި ވާހަކަދައްކަން ފެށީ ވަރަށް ކަންބޮޑުވެ ހާސްވެފައި ހުރެއެވެ.
“ސޮރީ… މެންދުރު އަވަސް ކުރަންވެގެން ފޯނުގެ ޗާޖަރު ނުލާ ދެވުނީ، މިހާރު ފޯނު އޮތީ ނިވިފަ، އަސްލު ކްލަބްތެރޭ އުޅުނުއިރު އެތަނުގެ އަޑުގަދަ ކަމުން ފޯނު ރިންގުވާއަޑު ނީވުނީ، އައި އެމް ރިއަލީ ސޮރީ ނަވާ، އަހަންނަށްވެސް އެންމެ މުހިންމީ ނަވާއޭ، ދެން ކާކު ދެއްކި ވާހަކައެއް އެއީ އަހަރެން ސިގިރޭޓު ބޯ ވާހަކަ” ނަވާލުގެ ކުރިމަތީ ކުޑަވެފައި ހުރެގެން މޯނާ ބުންޏެވެ.
“މިރޭ އަރީޖުމެންގެއަށް ދިއުމުން އޭނާގެ ވައިފް ލިއުޝާ އެހެން ބުނީ، އަހަންނަށްވެސް ޤަބޫލެއް ނުކުރެވުނު، އެކަމަކު އޭނާ ކިޔާދިނީ މޯނާގެ ސިފަ، އެދުވަހު މޯނާ ލައިގެން އުޅުނު ހެދުމުގެ ކުލަޔާ ހުރި ގޮތް، އެހެދުން އެއޮތީ ހޭންގާރ މައްޗަށް އެއްލި ގޮތަށް، އަހަންނަށް އަހަރެންގެ އަންހެނުންގެ ސިފައެއް ނޯޅޭނެއެންނު” ނަވާލު ބުންޏެވެ.
“އޭނައަށް އެއޮތީ ރަނގަޅަށް އެނގިފަ، އެދުވަހު އެކަންވީގޮތް އަހަރެން ކިޔާދީފާނަމޭ… ނަވާ ގަބޫލު ކުރާނީ، ނަވާގެ އަނބިމީހާ ބުނާއެއްޗެއްތަ ނޫނީ ތިބުނާ ލިއުޝާއަކު ބުނާއެއްޗެއްތަ؟” މޯނާގެ މޫނުމަތިން ފޫހިކަން ފެނިގެން ދިޔައެވެ.
“އެހެންވެގެންތާ މިބުނަނީ އަހަންނަށް ކިޔާދޭށޭ” ނަވާލު އަވަސް އަވަހަށް ބުންޏެވެ.
“ޝުދާގެ ގޮތް ނަވާއަށް އޮޅިފައެއް ނޯންނާނެ، އޭނައިނީ ސިނގިރޭޓު ހިފައިގެން، އަހަރުމެން އެންމެން ކުރި ބެޓެއްގަ އޭނަގެ އަތުގަ އޮތް ސިނގިރޭޓު އަތުލާފަ އަހަރެން ބޯލީ، ނަވާއަށް ދުވަހަކުވެސް ދުވާތަ އަހަރެން ގެއަށް އަންނައިރު ސިނގިރޭޓުވަސް، އަހަރެން އެކަން ކުރަންޏާ ސިއްރަކުން ނުކުރާނަން، މިބުނީ އެންމެ ފުރަތަމަވެސް އެކަން އެނގޭނީ ނަވާއަށޭ، އެކަން ނުކުރާތިވެގެން މިއަދާ ހަމައަށް އައި އިރުވެސް ނޭނގިފަ ތިއޮތީ، މީހުންވެސް ހަޤީޤަތް ނޭނގުނަސް ވަރިހަމަވާނެ، ލޮލަށް ފެންނަންވާއިރަށް އެމީހުންގެ އަނގަތަކުން އޮންނާނީ އެކަމެއް ބޭރުވެފަ، ހާދަ ފޫއްސެއްވެޔޭ، އަނގަ ގަދަވިޔަސް އެއި ތަންފުކެއް ބޮޑުވަރު، ލޮލަށް ފެނުނަސް އޭނާ އާއި ނުބެހޭ ކަންތަކާއި ނުބެހި ހުރީމަ ނިމުނީނު، ރަނގަޅަށް ވެއްޖެއްޔާ ތި ލިއުޝާއަކީވެސް މާ ތާހިރު ވައްތަރަކަށް އުޅޭ މީހެއް ނޫންކަންނޭނގެ” މޯނާގެ ދެބުމަ ގޮއްޖަހާލިއެވެ. އަދި އިތުރަށް ނަވާލް ދައްކާ ވާހަކައެއް އަޑުއެހުމެއްނެތި ގޮސް ފާޚާނާއަށް ވަދެ ބާރަށް ދޮރުޖަހައިފިއެވެ. މިމަންޒަރު ބަލަންހުރި ނަވާލު ފުންނޭވާ ބޭރުކޮއްލުމާއިއެކު މޯނާގެ ފަހަތުން ފާޚާނާއަށް ވަނުމަށް ދިޔައެވެ.
ދެލޯ ބޮޑުކޮއްގެން ކުޑަދޮރާއި ދިމާލަށް ބަލަހައްޓައިގެން އޮތް ނާއިލު އަވަސް އަވަހަށް ބާލީހުގެ މައްޗަށް ބޮލުގެ ވަރު ދޫކޮއްލުމާއިއެކު ދެލޯ މަރާ ބާރުކޮއްލައިފިއެވެ. އެވަގުތު ކޮޓަރީގެ ދޮރު ހުޅުވާލި އަޑާއި ލައްޕާލި އަޑުއިވުނެވެ. ކޮޓަރިއަށް ވަން ޝަބާއަށް ނޭނގޭނޭހެން ކުޑަކޮށް ލޯހުޅުވާލުމަށްފަހު ނާއިލު ބަލާލިއެވެ. އެއްފަރާތަށް ގެނެސް އަތުން އިސްތަށިގަނޑުގައި ހިފަހައްޓާލައިގެން ހުރެ ޝަބާ އައިސް އަލަމާރި ހުޅުވާލާފައި އޭނާ ބޭނުން އެއްޗެހި ނެގިއެވެ. އެއެއްޗެހި ހިފައިގެން ޝަބާ ގޮސް ފާޚާނާއަށް ވަނުމާއިއެކު، ނޭވާ ހިފަހައްޓާލައިގެން ސިއްރުން ބަލަން އޮތް ނާއިލު ފުންނޭވާއެއް ލިއެވެ.
އިރުއަރައިގެން އައި އިރު ޝަބާއިނީ ކޮރިޑޯގައި ހުރި ގޮނޑީގައި ގަސްތަކަށް އަވިއަރައިގެން އަންނަތަން ބަލަންށެވެ. ސިކުނޑީގައި އެއްވެސް ހިޔާލެއް ފިކުރެއްނެތެވެ. ކޮންމެ ގޮތަކަށް ކަންތައްވިޔަސް އޭނާ އެއިނީ އެކަމަކާ ކުރިމަތިލާން ތައްޔާރަށެވެ. ނާއިލު އޭނާ ވަރިކޮއްލައިފިނަ ކޮންމެވެސް ގޮތެއް އޮންނާނެކަން އޭނާ ޤަބޫލުކުރީއެވެ. ގޮތެއްނެތް މީހާ އޮންނާނީ ފަސްގަނޑު ދަށުގައެވެ. ފުރާނަ ހަށިގަނޑުގައި ހުރިހާ ހިނދަކު އޭނާގެ ވެރިރަސްކަލާނގެ އޭނާއަށް ކޮންމެވެސް މަގެއް ދައްކަވާނެކަން ޔަގީނެވެ.
މީކާގެ ކޮޓަރި ހުންނަނީ ގްރީންހައުސްގެ ކޮރިޑޯ ކައިރީގާ ކަމަށްވާތީ އޭނާ ހެނދުނު ހޭލައިގެން ނުކުމެ މޯޅިއަކަށް ދެމިލި ވަގުތު އެތަނުގައި އިން ޝަބާ ފެނުނެވެ. އޭނާ ޝަބާ އާއި ވާހަކަދައްކާ ހިތްވެއެވެ. އެހެންނަމަވެސް ޝަބާއަކީ މީހުންނާ ވާހަކަދައްކާ އުޅޭ އަންހެން ކުއްޖެއް ނޫންކަން އޭނާއަށްވެސް ވަނީ ފެނިފައެވެ. މީކާ ޤަބޫލު ކުރާ ގޮތުގައި އޭނާއަށް ޝަބާގެ މާބޮޑު ހަޤީގަތެއް ނޭނގުނު ކަމުގައި ވިޔަސް، ނާއިލު އާއި ޝާބާއަކީ ވަރަށް ގުޅޭ ދެބައިވެރިންނެވެ. އަދި މީކާ ފެނުމުން ޝަބާ ހިނިތުންވެލާ ގޮތުން އޭނާއަކީ ހިތްހެޔޮ މިޒާޖެއްގެ އަންހެން ކުއްޖަކަށްވާނެކަން މީކާ ޔަގީންކުރެއެވެ. މައްޗަށް ނަގާލެވިފައި ހުރި ދެއަތް ތިރި ކޮއްލަމުން ލައިގެން ހުރި ޓީޝާޓު ރަނގަޅުކޮއްލިއެވެ. އަދި މަޑުމަޑުން ޝަބާގެ ގާތަށް ހިނގައިގަތެވެ.
“ގުޑް މޯނިން މޭމް” މީކާ އަދަބުވެރި ކަމާއިއެކު ބުނެލިއެވެ.
“ގުޑް މޯނިން” މީކާގެ އަޑާއިއެކު ހިލަމެއްވި ޝަބާ އަވަސް އަވަހަށް ހިނިތުންވެލަމުން ބުނެލިއެވެ.
“ނައިސް ޑޭ…” މީކާ ވާހަކަދައްކަން މަސައްކަތް ކުރިއެވެ.
“ހޫމް…” ޝަބާ ހިނިތުންވެލައިގެން އިނދެ ބުނެލިއެވެ. ނަމަވެސް މީކާއަށް ޝަބާ ބަލާލިގޮތުން އޭނާގެ މޫނުމަތިން ފޮރުވަން މަސައްކަތް ކުރާ ހިތާމައިގެ އަސަރު، ޝަބާގެ ރީތި ދެލޮލުން ހާމަވެގެން ދިޔައެވެ. އެދެލޮލުގައި ކޮންމެވެސް ވަރެއްގެ ރަތްކަމެއް އެކުލެވިފައިވިއެވެ.
“ހައު އަރ ޔޫ” މީކާ އަހާލިއެވެ. އަދި ގްރީން ހައުސް އާއި ޖެހިގެން ބިއްދޮށަށް ހުރި ސްޓޯރޫމަށް ގޮސް ނިކަން އަވަހަށް ގޮނޑިއެއް ހިފައިގެން އައިސް ޝަބާގެ ގާތުގައި އިށީނެވެ. މީކާގެ އެހަރަކާތްތަކަށް ޝަބާ މާބޮޑު ފަރުވާލެއް ނުބެހެއްޓިއެވެ. އެހެންނަމަވެސް އޭނާގެ ސިކުނޑިއަށް އެވަގުތު ހިޔާލެއްވަނެވެ. ހެނދުނުގެ ނާސްތާއަށް ހުރިހާ އެންމެން ކާކޮޓަރިއަށް ދިއުމުގެ ކުރިން އަދި ވަރަށް ގިނައިރު އޮތުމާއިއެކު އޭނާ މީކާގެ ގާތުން ވާހަކައެއް އެހިއެވެ.
“މީކާއަށް ދިވެހި ނޭނގޭތަ” ޝަބާގެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ.
“ނޫން، މިހާރު އެނގެނީ، ސަމީރާ މެޑަމް ވަރަށް ރަނގަޅު މީހާ، އަހަންނަށް ދަސްކޮށްދެނީނު، ނާއިލް ހޭލާފަތަ” ޝަބާ ވާހަކަ ދައްކަން ފެށުމުން މީކާ އިނީ ވަރަށް ހިނިއައިސްފައެވެ.
“މީކާ ކޮންރަށެއް؟ ވަރަށް ގިނަދުވަސް ވެއްޖެތަ މިގޭގަ މަސައްކަތް ކުރާތާ” ޝަބާ އިނީ އެތަށް ކަމެއް އޮޅުން ފިލުވަން ބޭނުންވެފައެވެ. ކައިރި ގައުމެއްގެ ބިދޭސީއެއް ނޫންކަން މީކާގެ ހަމުގެ ކުލަ އާއި އޭނާގެ ސިފައިންވެސް ޝަބާއަށް އެނގެއެވެ. ބޮލުގެ އިސްތަށި ގަނޑުގައި ހުންނަ މުށި ފާޑުގެ ކުލައަކީ މީކާ އޭނާގެ ބޮލުގައި ޖައްސާފައި ހުންނަ ކުލައެއް ނޫންކަން ޝަބާއަށް އެނގުނީ، މީކާގެ އިސްތަށިގަނޑުގެ ކުލައަށް އެއްވެސް ބަދަލެއް ނާންނާތިއެވެ. މީކާއަކީ އިސްކޮޅުން ބޮޑު ވަރުގަދަ ފިރިހެނެކެވެ.
“އަހަރެން އެމެރިކާ މީހެއް، މިގޭގަ މަސައްކަތް ކުރާ މީހެއްނޫން އަހަންނަކީ، އަހަރެން އަތުގަ ނަރުސްކަމުގެ މަތީ ފާސް އޮންނާނެ، އަހަންނަކީ ނާއިލުގެ ހުރިހާ ކަމެއް ކޮއްދޭން ހަމައެކަނި އޭނާއަށްޓަކައި މިގެއަށް އައިސްގެން އުޅޭ މީހެއް، އަސްލަމްމެންގެ ދެމަފިރިންނަކީ ވަރަށް ހެޔޮ ބައެއް، އެމީހުންނާ އަހަންނާ ދިމާވީ އެމެރިކާއިން، ނާއިލުއަށް ފަރުވާ ކުރުމަށްޓަކައި އަހަރެން ހުރި ހޮސްޕިޓަލަށް އެމީހުން އައީ… ޝަބާއަށް އެނގޭތަ، ނާއިލު ހަރުކަށިކޮށް ވާހަކަ ދެއްކިޔަސް، އަސްލު އޭނާ ވަރަށް ރަނގަޅުވާނެ، އެއީ ރަނގަޅު ހިތެއްގެވެރި ޒުވާނެއް، އެކަމަކު އޭނާ ވަރަށް އެކަނިވެރި، އެއްވެސް މީހަކަށް އޭނާގެ އެސިފަ ދައްކާކަށް ބޭނުމެއްނުވޭ، އަދި ބުނަން، އަހަރެން ވަރަށް ލައިކްވޭ ޝަބާދެކެ، ތި ދެމީހުން ވަރަށް ގުޅޭ… އަހަރެން ނާއިލު ކައިރީ ސުވާލު ކުރިން ޝަބާ ހުންނަލެއް ތަފާތުވީމަ، މިބުނީ ހެދުން އެޅުމުގަ، އަހަންނަށް ނަވާލުގެ އަންހެނުންވެސް ފެނޭ، މިގޭގަ އުޅޭ އެކަކަށްވުރެވެސް ޝަބާ ތަފާތު…” މީކާ ވާހަކަދެއްކީ އިނގިރޭސި ބަހުންނެވެ. އޭނާގެ ވާހަކަތައް އަޑުއަހަން އިން ޝަބާގެ ހިތުގައި އުފެދުނު ސުވާލުތައްވީ ގިނައެވެ.
“ދެން މިހާރު އޭގެ ޖަވާބު ލިބިއްޖެތަ؟ ކީކޭ ނާއިލު ބުނީ” ޝަބާވެސް މިފަހަރު ވާހަކަދެއްކީ އިނގިރޭސި ބަހުންނެވެ. އަދިވެސް މީކާއަށް ފަސޭހައީ އޭނާގެ މާދަރީބަސް ބޭނުން ކުރަންކަން ޝަބާއަށް އެނގުނެވެ.
“އާން، ނާއިލު ބުނީ އެއީ އެމީހުންގެ ދީނާ ގުޅުންހުރި ކަމެއްކަމަށް، އަހަންނަކީ އެހާ ދީނީ މީހެއްނޫން، އެކަންތައްތަކާއި ވިސްނާކަށް އެހާ ވަގުތެއްވެސް ނުވޭ، އަހަންނަށް ހީވެފައި އޮތީ އެއީ ގައުމުތަކުގެ ސަގާފަތުގެ އެއްބައިކަމަށް…” މީކާ ހިނިތުންވެލަމުން ބުނެލިއެވެ. ޝަބާ މީކާގެ ވިސްނުން ހުރިގޮތާއިމެދު ހިތްހަމަ ނުޖެހުނު ކަމުގައި ވިޔަސް އޭނާ ދެއްކި ހުރިހާ ވާހަކައެއް އަޑުއެހިއެވެ. އަދި ހިތާ ހިތުން ދުޢާކޮއްލެވުނީ ﷲ ގެ ރަޙުމަތްފުޅާއިއެކު އެކަލާނގެ ނޫރުފުޅުން މީކާގެ ހިތްއަލިކުރައްވާ އިސްލާމްދީނުގެ އަލިގަދަވޮއް އެހިތުގައި ދިއްލުމުގެ ހެޔޮ ތައުފީޤު މީކާއަށް މިންވަރުކުރެއްވުމަށެވެ.
“މީކާގެ ފެމެލީ ކޮބާ” ޝަބާ ދީނުގެ ޚިޔާލު ތަފާތުވުންތަށް އެއްފަރާތްކޮއްލަން ބޭނުންވިއެވެ.
“އަހަރެން އުޅުނީ މަންމަ އާއިއެކު، މިހާރު މަންމަ ދުނިޔެއަކުނެތް، އަހަރެން ނަރުހަކަށްވާން ބޭނުންވީވެސް އަހަރެންގެ އާއިލާ އާއިހެދި، އަހަރެންގެ އަންހެން ކޮއްކޮއެއް ހުންނާނެ، ޝަބާ ކަހަލަ ލޯބި މޫނެއް އެކުއްޖާއަށްވެސް ލިބިފަވަނީ، މަންމައަށް އަހަރުމެން ކުދިން ގޮވައިގެން އުޅެންޖެހުނު ގޮތުންކަންނޭގެ، އަބަދު އަހަންނަށް ފެންނަނީ މަންމަ ރާބޯތަން، އެކަމަށް ދެވިހިފާފައި ހުންނަނީ، އަހަރެން ވަރަށް މަސައްކަތް ކުރިން އެކަން ހުއްޓުވަން، އަހަރެންގެ ބައްޕައަކީ ކާކުކަމެއް އަހަންނަކަށް ނޭނގޭ، ހޯދާކަށްވެސް ނޫޅެން، އޭނާއަށް އަހަރެން އެހާ މުހިންމު ނުވިއިރު އަހަންނަށްވެސް އެއީ ކާކުތޯ ބެލުން މުހިންމު ނުވީ، މަންމަ އެހެން އުޅެނިކޮށް ކޮއްކޮ ލިބުނީ، ކޮއްކޮވީ ބަލިކުއްޖަކަށް… މަންމައަކީ އެހެންމީހަކަށް އަޅާލެވޭ ވަރުގެ މީހެއް ނޫން، އަހަރެން، އަހަރެންގެ ކޮއްކޮ ބެލީ… އެކަމަކު މިހާރު އެދެމީހުންކުރެ އެކަކުވެސް މިދުނިޔެއަކުނެތް، މާޔޫސްވެގެން، ވައިފެން ބަދަލުކޮއްލަން ހިޔާލުކޮއްގެން ހުއްޓަ އަސްލަމް މެންގެ ދެމަފިރިންނާއި ދިމާވީ، އޭރު ހޮސްޕިޓަލުގެ އެންމެ ބޮޑަކަށް ހުރި ޑޮކްޓަރު އަހަންނަށް ވަރަށް ރަނގަޅު، އޭނާ އަބަދުވެސް ދައްކާނެ ދިވެހިރާއްޖޭގެ ރީތިވާހަކަ، މީހުން ހެޔޮ ވާހަކަ، ދެފަހަރަކު ރާއްޖޭގެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަންވެސް އޭނާ އައި، އޭނާ އަސްލު އަހަންނަށް މިފުރުޞަތު ހޯދާ ދިނީ، އަހަރެން އަސްލަމްއަށް ވަޢުދުވިން، ނާއިލު ރަނގަޅު ނުވަނިސް އަހަރެން އެހެންކަމަކާއިގެން ނޫޅޭނަން ކަމަށް…. ޝަބާ، އަހަރެން ދެން ވާހަކައެއް އަހާލަންތަ، މިހާރު އަހަރެންގެ ހުރިހާ ވާހަކައެއްހެން މިކިޔާދެވުނީ” މީކާ އެއްފައި މައްޗަށް އަނެއްފައި ލަމުން ފައިގައި ހިފަހައްޓާލާފައި އަހާލިއެވެ. ވަރުބަލިކަން އެކުލެވިފައިވި ދެލޮލުން ޝަބާ މީކާއަށް ބަލާލާފައި ހިނިތުންވެލަމުން ބޮލުން އިޝާރާތްކޮއްލީ އާނއެކޭ ބުނާގޮތަށެވެ.
“ޝަބާގެ ކައިވެންޏަކީ ޢާއިލާ ރުހިގެން ކުރި ކައިވެންޏެއް ދޯ، މިބުނީ ތިދެމީހުން އެހާ ކްލޯސްއެއް ނޫނޭ” މީކާ އިނީ ޝަބާ ހިތްހަމަ ނުޖެހިދާނެތީވެ ޖެހިލުންވެފައެވެ. ދެންވެސް ޝަބާ އިސްޖަހާލަމުން ހޫން ލައްވާލުމާއިއެކު ބޯޖަހާލިއެވެ. އޭނާގެ މޫނުމަތީގައިވާ މާޔޫސްކަމާއި ކަންބޮޑުވުން މީކާއަށް ފެނުނެވެ. ކުއްލިއަކަށް މީކާގެ ޖީބުގައި އޮތް ފޯނުން އެލާމް އަޅަން ފެށުމާއިއެކު ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ.
“ހެ ހެ ހެ… ވާހަކައިގަ ތިބީމަ ނޭނގުނީ، ނާއިލު މިހާރު ހޭލާ އުޅޭނީ، އެހެންވެ ފޯނު އެލާމު އެވީ، އޭނާގެ ގާތަށް ދާގަޑިމީ” މީކާ ތެދުވެ އޭނާ އިށީނދެގެން އިން ގޮނޑި ގެންގޮސް ސްޓޯރޫމަށް ލިއެވެ. އޭނާ މިއަދު ނާއިލުގެ ކޮޓަރިއަށްވަނީ ގޭގެ ބިއްދޮށަށް ހުރި ދޮރުންލާފައެވެ. އޭނާ ހީކުރީ އޭނާ އާއިއެކު ޝަބާވެސް އަންނާނެ ކަމަށެވެ. ނަމަވެސް ޝަބާ އޭނާ އިން ގޮނޑީގައި ގުޑިވެސްނުލާ އިނެވެ.
“ޝަބާ ހޭލީތަ، އޭނަ ދެކުނިންތަ؟” ކޮޓަރީގެ ދޮރު ލައްޕާލި މީކާ ފެނުމުން ނާއިލުއަށް އަހާލެވުނެވެ.
“އޭނާ އެބައިން ކޮރިޑޯގައި ހުރި ގޮނޑީގަ” މީކާގެ ތުންފަތަށްވެރިވި ހިނިތުންވުމާއިއެކު ބުނެލިއެވެ. އޭނާއަށް ނާއިލުގެ އަޑުގައި ތަފާތުކަމެއް އެކުލެވިގެން ވާކަން ފާހަގަ ކުރެވުނެވެ. ނަމަވެސް ނާއިލުއަކީ ފާޑެއްގެ މީހެކެވެ. ކޮންމެ ކޮންމެ ވާހަކައެއް މީކާއަށް ދައްކާކަށް ނުކެރެއެވެ. ނަމަވެސް މީކާއަށް އެނގޭ އެއްކަމެއް އޮވެއެވެ. އަލަމާރީގައި ހުރި ވަތްގަނޑަކުން އޭނާއަށް ވަނީ އަންހެން ކުއްޖެއްގެ ތަސްވީރެއް ފެނިފައެވެ. އެތަސްވީރުގައި ފެންނަނީ މުޅިން ތަފާތު ނާއިލުއެކެވެ. އަދި އެތަސްވީރުގައި ހުރި އަންހެން ކުއްޖަކީ ޝަބާއެއް ނޫނެވެ.
ހެނދުނުގެ ނާސްތާ ކުރުމަށް ކޮޓަރިން ނާއިލު ނެރެން އުޅެން ފެށުމުން އޭނާ މީކާ ހުއްޓުވިއެވެ. އަދި ޝަބާ އިންތަނަކަށް އޭނާ ގެންގޮސް ދިނުމަށް ބުންޏެވެ. މީކާ ކޮރިޑޯއަށްވީ ދޮރު ހުޅުވާލުމާއިއެކު ނާއިލު އެތަނަށް ނެރެދިނެވެ. އެވަގުތު ދެލޯމަރާލައިގެން ގޮނޑީގެ ތެރޭގައި ވަރަށް އަރާމުކޮއްއިން ޝަބާ ނާއިލުއަށް ފެނުނެވެ. އޭނާގެ ހިތުގެ ހިނގުން އަވަސްވެ ދޫބަންދުވާގޮތެއްވިއެވެ. އެހެންނަމަވެސް ހިތްވަރުކޮއްފާ ޝަބާއަށް ގޮވާލިއެވެ. ކުއްލިއަކަށް ލޯހުޅުވާލާފައި ގޮނޑިއަށް އަރުވައިގެން އިން ދެފައި ޝަބާ ތިރިކޮއްލުމާއިއެކު ފުންމައިގެން ތެދުވެއްޖެއެވެ. ނިދި ނުލިބުމުންނާއި އެވަރަށް ރުއިމުގެ ސަބަބުން ޝަބާގެ ރަތްކަން ނުފިލާ ދެލޯ ނާއިލުއަށް ފެނުނެވެ.
“އަހަންނާއިއެކު ސައިބޯން ދާނަންނަތަ” ނާއިލު ބުނިއެއްޗެއް އެންމެ ގާތުގައި ހުރި މީކާއަށްވެސް ޤަބޫލެއް ނުކުރެވުނެވެ. ޝަބާ ހާސްވެފައި ބަލަހައްޓައިގެން ހުރެ އަވަސް އަވަހަށް ބޯޖަހާލައިފިއެވެ. އެއާއިއެކު ނާއިލު ހިނިތުންވެލާފައި މީކާއަށް ބަލާލިއެވެ. މީކާއަށް ނާއިލު ބުންނަބޭނުންވި އެއްޗެއް އެނގުނެވެ. މަޑުމަޑުން ކޮރިޑޯ ވަށާލާފައި ކާކޮޓަރިއަށް ދިއުމަށް މީކާ ހިނގައިގަތެވެ. ޝަބާވެސް އެމީހުންނާއި އެއްވަރަށް ހިނގަމުންދިޔައެވެ.
ކާމޭޒުދޮށުގައި އިންނެވި އަސްލަމަށް މިއަދު ލިބިލެއްވީ ވަރަށްވެސް ބޮޑު ހައިރާންކަމެވެ. އޭނާގެ ލޯބިވާ ދެދަރިންވަނީ އޭނާ އާއިއެކު ހެނދުނުގެ ނާސްތާގައި ބައިވެރިވެފައެވެ. އަދި ފެނިލައްވަފާނެކަމަށް އޭނާ އެއްގޮތަކަށްވެސް އުންމީދު ނުކުރައްވާ ޅީދަރިފުޅުވެސް ވަނީ އެމީހުންނާއި ބައިވެރިވެފައެވެ. މޯނާގެ މޫނުމަތިން މިހާރު ހިތްހަމަ ނުޖެހުންވަނީ ފިލާ ގޮސްފައެވެ. އޭނާގެ ހަރަކާތްތައް ހުރިގޮތުން ހީވަނީ ނަވާލު ހިތްހަމަޖައްސަދޭން މަސައްކަތް ކުރާހެންނެވެ. މިހުރިހާ މަންޒަރެއް ބަލަން އިން ސަމީރާއަށް އުފަލުންގޮސް އިރުއިރުކޮޅާ އަސްލަމްގެ އަތުގައި ފިރުމާލެވެއެވެ.
އަސްލަމް އާއި އެކުއެކީގަހެން ސަމައިޒު ދޮށުން ހުރިހާ ކުދިންވެސް ފޭބިފައެވެ. މީކާ އާއި ދެފިރިހެން ދަރިން އަސްލަމްގެ ފަހަތުން ކަހަލަ ގޮތަކަށް ބޮޑުކޮޓަރި އާއި ދިމާލަށް ދިޔައިރު، ގޭގެ އަންހެނުން އޭރުވެސް ތިބީ ކާމޭޒު ދޮށުގައެވެ. ނަމަވެސް އެތަނުގައި އިން ޝަރުމީލާއަށް ވީގޮތެއް އެކަކަށްވެސް ނޭނގެއެވެ. ގޭތެރޭގެ ހަޤީޤަތް އެނގިހުރެވެސް އޭނާ ތެދުވެގެން އެތަނުން އަވަސް އަވަހަށް ހިނގައްޖެއެވެ.
“ނާއިލު ކިހިނެއްތަ؟” މީހުންތައް މަދުވެލުމާއިއެކު ލީލާއަށް އެހީވާންފެށި ސަމީރާ ގާތުގައި ހުރި ޝަބާއަށް އޭނާ ބުނެލިއެވެ.
“ރަނގަޅު” ވަގުތުން ލަދުވެތިކަން ވެރިވެގެންދިޔަ މޫނަކާއިއެކު ޝަބާ އަވަސް އަވަހަށް ޖަވާބުދިނެވެ.
“މަންމައަށްވެސް މިހާރު ފާހަގަ ކުރެވޭ ތިދެކުދިން ގުޅޭކަން، ވަރަށް އުފާވޭ ކާގަޑިތަކުގައި ތިދެކުދިން އެކުގައި ފެންނާތީވެ… އޭރުވެސް މަންމަގެ ހިތަށް އެރި ނާއިލުގެ ކައިވެނި ރަނގަޅު ކުއްޖަކާ ކުރެވެނިކޮށް ހުރިހާ ކަމެއްވެސް ރަނގަޅުގޮތަކަށް ބަދަލުވެގެން ހިނގައިދާނެއޭ، މަންމައަށް ފެންނަ މަންޒަރުތަކުން މިހުންނަނީ ވަރަށް އުފަލުން” ސަމީރާ އެންމެފަހުން އެބުނި އެއްޗެއް ޝަބާއަކަށް ނުވިސްނުނެވެ.
“މަންޒަރުތަކޭ… ނާއިލު މަންމައަށް ކޮންމަންޒަރެއްތަ ފެނުނީ، އަހަންނާ ނާއިލުގެ ދެމެދުގައި އޮތް ގުޅުން ދުވަހަކަށްވުރެ ދުވަހެއް މިދަނީ ހީނަރުވަމުން، އެންމެފަހުން ނާއިލު އެވަނީ އޭނައަށް އަހަންނާއިއެކު އެއްވެސް އުފަލެއް ނުލިބޭނެ ވާހަކަވެސް ބުނެފަ، އޭނަ އެހެރީ އަހަރެންގެ ޖަވާބެއް ނުލިބިފަ، ހަމަ ލިބޭއިރަށް ވަރިކުރާނެ… ދެން ކޮން މަންޒަރުތަކެއް ފެނިގެންތަ ނާއިލުގެ މަންމަ އެއުޅެނީ” ޝަބާގެ ހިތާ ވާހަކަދައްކަމުން އޭނާ ދިޔައެވެ.
ނާއިލު އާއި ނަވާލު އެކަކު އަނެކަކާ ބޮޑުކޮޓަރި ތެރެއިން ދިމާވިނަމަވެސް މިއަދު ނަވާލުގެ ޠަބީޢަތަށް ބަދަލުތަކެއް އައިސްފައިވެއެވެ. އެހެންޏާ ނާއިލު އާއި ދިމާލަށް އެއްޗެއް ބުނެނުލާ ނުހުރެވޭ ނަވާލު ބޮޑުކޮޓަރީގައި މަޑުކުރާ ހިތެއް ނުވިއެވެ. އަދިވެސް މޯނާދެކެ އައިސްފައިވާ ރުޅިގަނޑު ފިނިނުވަނީ ކަންނޭގެއެވެ. އޭނާގެ ފަހަތުން ހަލުވި ކަމާއިއެކު މޯނާވެސް ސިޑި އާއި ދިމާލަށް ދާތަން ފެނުނެވެ. ދާޢޫދު ވިޔަފާރީގެ ފައިލްތަށް ހިފައިގެން އައިސް ސޯފާތަކުގެ މެދުގައި ހުރި ބިއްލޫރި މޭޒުގެ މަތީ ބަހައްޓާލިއެވެ.
“ޝުކުރިއްޔާ، ދާންވީނު ސައިބޯލައިގެން އަންނަން، އަހަރެންވެސް ކުޑަކުޑަ އިރުކޮޅަކުން މިކަމައިގެން އުޅޭނީ” އަސްލަމް ހިތްހެޔޮ ކަމާއިއެކު ބުނުއްވިއެވެ. އެއާއިއެކު ހެނދުނު ހެނދުނާވެސް ދާޢޫދުގެ މޫނުމަތިން ހިތްހަމަޖެހުން ފާޅުވެގެން ދިޔައެވެ.
ނަވާލު ދިއުމުން ނާއިލުވެސް ބައްޕަގެ ގާތުގައި މަޑުކުރާ ކަހަލަ ޚިޔާލެއް ނުކުރިއެވެ. އެއްވެސް އިރެއްގައި ނާއިލުއަކީ އަސްލަމް އާއި މާގިނަ ވާހަކަތަކެއް ދައްކާ ކުއްޖެއްނޫނެވެ. އޭނާގެ ފުރާވަރުންފެށިގެން، އުމުރުގެ ބޮޑުބައެއްވަނީ ރާއްޖޭން ބޭރުގައި ހޭދަކޮއްފައެވެ. ނަމަވެސް ނާއިލުއަކީ މައިންބަފައިންނަށް އޭނާގެ ހިތުގައި ޚާއްސަ ޤަދަރެއްދެވިފައިވާ ދަރިއެކެވެ. މަންމަގެ ގާތުގައި ގިނަފަހަރަށް އޭނާގެ ދޫ ހަރަކާތްކުރިއެއްކަމަކު، ބައްޕަގެ ގާތުގައި މަޑުކޮއްލުމުން އޭނާއަށް އެވާގޮތެއް ނޭނގެއެވެ. އެއީ އަސްލަމްދެކެ އޭނާ ބިރުގަންނާތީއެއް ނޫނެވެ. އެހެންނަމަވެސް ބައްޕަ ހިތްހަމަ ނުޖެހޭފަދަ އެއްޗެއް ބުނެވިދާނެތީވެ ޖެހިލުންވަނީއެވެ. އޭނާދެކެ އެންމެ ލޯބިވަނީ ސަމީރާކަން އެނގޭއިރުވެސް އޭނާގެ ހިތުގައި ބައްޕައަށްޓަކައި ދެވިފައިވާ މަޤާމާއި ގަދަރު ބޮޑެވެ. ކުރެވޭ އިޙްތިރާމްވެސް ބޮޑެވެ. ނާއިލު އާއިއެކު ގިނަވަގުތުތަކެއް ހޭދަކުރާ މީކާއަށް އޭނާ ބަލާލުމާއިއެކު އެތަނުން ދާންވީކަން މީކާއަށް އެނގުނެވެ.
“ދަރިފުޅު ދަނީތަ، ޝަބާ އާއި ތިދެކުދިން ރަނގަޅުތަ” އަސްލަމް އައްސަވާލެއްވި ސުވާލުގެ ސަބަބުން ނާއިލު ހާސްވާގޮތްވިއެވެ. އަވަސް އަވަހަށް ހިނިތުންވެލަމުން ބޯޖަހާލީ އަސްލަމްގެ ސުވާލަށް ޖަވާބުދާރީވާންށެވެ. އަދި ނާއިލު ހީކުރިގޮތަށް އިތުރަށް އަސްލަމްވެސް އޭނާގެ ދިރިއުޅުމާއި ބެހޭގޮތުން ސުވާލެއް ނުކުރެއްވިއެވެ.
ނާއިލުއަށް ޖަވާބެއް ނުދީ ޝަބާއަށް އުޅެވޭނީ ކިހާ ދުވަހަކުކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. އަޖައިބަކީ ނާއިލުވެސް އޭނާގެ ގާތުން ޖަވާބަކަށް އެދި ނާހާކަމެވެ. އެރޭ ދެކެވުނު ވާހަކައަށްފަހު އެދެމެދަށް ހަމަހިމޭންކަން ވެރިވެފައިވާކަމެވެ. ދެދުވަސް ފާއިތުވެ ދިޔައިރު ޝަބާ މަސައްކަތް ކުރަމުން ދިޔައީ ނާއިލުއަށް ފިލަންށެވެ. އޭނާގެ ކުރިމަތީ ދެތިން މިނެޓު ހުރެލަންވިޔަސް ޝަބާއަށް އޮންނަނީ ކަންތައްބޮޑުވެފައެވެ. ހައްތަހާވެސް ނާއިލު ދެން ބުނާނެ އެއްޗެއް ނޭނގޭތީ، އެކަމާ ޝަބާގެ ހިތް ގަންނަ ބިރަކުންނެވެ. މިހެން އުޅެން އުދަނގޫވަމުން ދިޔަ ޝަބާ ޙައްލެއްގެ ގޮތުގައި ދެކުނީ އޭނާގެ އޮފީހެވެ. ގޭތެރޭގެ ހުރިހާ ކަމަކާއި އަދި ނާއިލުގެ ޚިޔާލުތަކާއި ދުރުވުމަށް އޭނާއަށް ފެނުނު އެންމެ ރަނގަޅު އުޒުރަކަށް އޮފީސްވިއެވެ. ޝަބާ އޮފީހަށް ގުޅާ ޗުއްޓީގައި ބާކީ އޮތް ދުވަސްތައް ކެންސަލް ކުރުމަށްފަހު އޮފީހަށް ނުކުންނަންފެށިއެވެ.
ސަމީރާއަށް ކުޑަކޮށް ހިތްހަމަނުޖެހެވުނު ކަމުގައި ވިޔަސް ނާއިލުގެ އެދުމަކަށްވެސް ވީ ޝަބާ ބޭނުންވާގޮތަށް އޭނާ އޮފީހަށް ފޮނުވުމެވެ. އެކަމާ ސަމީރާ ދެކޮޅެއް ނުހެދިއެވެ. ނާއިލުއަށްވެސް ޝަބާ ބޭނުންވަނީ އޭނާ އާއި ދުރުގައި ވަގުތުކޮޅެއް ހޭދަކުރަންކަން އެނގެއެވެ. ޚުދު އޭނާވެސް ވިސްނަން ވަގުތު ބޭނުންވެފައިވެއެވެ. ޝަބާ އާއި ނުލާ ގޭގައި އުޅޭ ވަގުތުތަކަކީ އޭނާއަށްވެސް އަމިއްލަ ދިރިއުޅުމާމެދު މިނިވަންކަމާއި ހުޅުވާލެވިފައިވާ ސިކުނޑިއަކުން ވިސްނާލަން ލިބޭނެ ފުރުޞަތެއްކަން އޭނާ ދެކުނެވެ.
ނަވާލު ރުޅި އައިފަހުން މޯނާގެ އުޅުން ދެތިން ދުވަހެއްވަންދެން ބަދަލުވެގެން ދިޔައެވެ. އެހެންނަމަވެސް މިހާރު މޯނާއަކީ ހަމަ ކުރީގެ މޯނާއެވެ. އެއްވެސް ބަދަލެއް، ތަފާތެއް އޭނާއަކަށް ނައެވެ. ބެލްކަނީގައި ދެއަތް އަޅުވާލައިގެން އޭނާ ހުރިއިރު ސިކުނޑީގައި ފެވެމުންދިޔައީ ފަނޑު މަންޒަރެކެވެ. މޫނު ނުފެނުނު ކަމުގައި ވިޔަސް ބަލާލަން ހިތްގައިމު މަންޒަރެކެވެ. ކުއްލިއަކަށް ވަރަށް ބާރަށް ނަވާލު ބޯހޫރާލިއެވެ. އަދި ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް މަހާލި އިނގިތަކުން ދެފަރާތަށް އަތްހާކާލެވުނެވެ. ފުންނޭވާއެއް ލުމަށްފަހު އޭނާ ހިނގައިގަތީ ތިރިން ފެންނަން ހުރި ނާއިލުގެ ކޮޓަރި އާއި ދިމާލަށެވެ.
ޝަބާ އާއި ނާއިލުގެ ކައިވެންޏަށް އެއްމަސްވެގެން ދިޔައިރު، ނާއިލު ދެވަނަ ފަހަރަށް ވަރީގެ ނަން ޝަބާގެ ގާތުގައި ނުދެއްކިއެވެ. އޭގެ ބަދަލުގައި އޭނާއަށް މަޑުމަޑުންނަމަވެސް ޝަބާގެ ހަރަކާތްތަކަށް ޝައުގުވެރިކަން ދެވެމުންދިޔައެވެ. އެކަން ދުލުން ހާމަ ނުކުރިޔަސް މިހާރު އޭނާވެސް ޝަބާ އުފަލުގައި ހުންނަން ބޭނުންވެއެވެ. އޭނާގެ އަމިއްލަ ހިތް ހަލާކުވެގެން ދިޔަގޮތަށް އެއަންހެން ކުއްޖާގެ ހިތް ހަލާކުކޮއްލަން އޭނާ ބޭނުންނުވާ ކަހަލައެވެ. ނާއިލު ވިސްނާ ނިންމި ގޮތުގައި ޝަބާގެ މަޖުބޫރަކީ ކޮބައިކަން ނޭނގުނަސް، އޭނާ ނާއިލުގެ ގާތުން ވަރިވާން ބޭނުންނުވާކަމެވެ. ވަރީގެ ނަންގަނެވުނު ވަގުތުން ފެށިގެން ޝަބާއަށް ބަދަލުތަކެއް އައީ އެހެންވެކަމެވެ. މިހާރުވެސް ބައެއްރޭ ރޭ ޝަބާ ރޯތަން ނާއިލުއަށް ފެނެއެވެ. އެކަމަށް ލުޔެއް ހޯދާދެވޭނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. ފުންވިސްނުމެއްގެ ތެރޭގައި ކޮޓަރީގެ ކުޑަދޮރާ ދިމާލަށް ބަލަހައްޓައިގެން ނާއިލު އިނެވެ.
“އައްޗީ… އަހަންނެއް ނޫޅެން… މޫންތައަކަށް ނޭނގޭތަ ޑޮކްޓަރުން ބުނިއެއްޗެއް، މަށަކަށް އެބުރައެއް ނޫފުލޭނެ…” ނަވާލުގެ ކަންފަތުގައި އެރީތި އަޑު ގުގުމާލިއެވެ. އެއީ މީގެ އެތަށް އަހަރުތަކެއް ކުރީގެ އަޑެކެވެ. ނަމަވެސް އެދުވަހު ނާއިލުއަށް އަޑުއިވުނު ކޮންމެ ލަފްޒެއް ވަކިވަކިންހެންވަނީ އޭނާގެ ސިކުނޑީގައި ކަނޑާނެގިފައެވެ. ކަންފަތުގައި ނުފިލާނޭހެން ރިކޯޑުކުރެވިފައެވެ. ހިތަށް އިޙްސާސް ކުރެވިގެންދާ ތޫނު ތަދުގެ އަސްލެވެ. ހަޔާތުގެ ހުޅުކޮޅު ފަނޑުވަމުންދިޔަ ވަގުތު އެނިއްވާލުމަށް ޖެހިލި ވައިރޯޅިއެވެ. ފިނިކަމެއްނުވާ މީހާއަށް ނުތަނަވަސްކަން ގެނުވާފަދަ ދިލަ ވައިރޯޅިއެކެވެ. މުޅިއުމުރަށްވެސް އެސިހުން ނުކެޑޭނެކަން ޤައިމެވެ. ނާއިލުގެ ފެންކަޅިވަމުންދިޔަ ދެލޮލުން ފުރަތަމަ ކަރުނަތިކި ފައިބައިގެން ހިނގައްޖެއެވެ. އެވަގުތު ކޮޓަރީގެ ދޮރު ހުޅުވާލިއަޑު އިވުނެވެ. އެއާއިއެކު ނާއިލުއަށް މާޔޫސްކަމާއިއެކު އިސްޖަހާލެވުނެވެ. ހަތަރެސްފައި ގުޑުވާނުލެވުމުން އޭނާގެ ކަރުނުން ފުރިފައިވާ ދެލޯ ފޮރުވާލާނެހާ ހިތްވަރުވެސް އޭނާގެ ނެތުމުންނެވެ.
“ބީބީ…” ނަވާލުގެ އަޑު ނާއިލުގެ ފަހަތުން އިވުނެވެ. އޭނާ އައިސް ކުޑަދޮރުގައި އިށީނުމަށް އަޅާފައިވާ ފިލާފޮތީގައި އިށީނެވެ. އޭނާއަށް އިސްޖަހާލައިގެން އިން ނާއިލު ފެނުމުން ސުވާލު އުފެދުނެވެ.
“ބީބީ، އާ ޔޫ ހެޕީ ވިތް ޔޯ ލައިފް” ނަވާލު ކުރި ސުވާލުން ނާއިލު ނުސިހުނެވެ. އެއީ ނަވާލަކީ އޭނާ ހިތަށް އަރާ ކޮންމެ އެއްޗެއް މިހާތަނަށްވެސް ބުނަމުން އައި ޒުވާނަކަށް ވީމައެވެ. ނާއިލު އިސްޖަހާލައިގެން އިންނަން ފެށުމުން ނަވާލު އޭނާގެ ބޭބެގެ ދަތްދޮޅީގައި ހިފާ އޭނާ އާއި ދިމާލަށް އުފުލާލަން މަސައްކަތް ކުރުމުން ނާއިލު މޫނު އަނބުރާލިއެވެ.
“ވަޓްސް ރޯންގް، ބީބީ ރޮނީތަ…” ނަވާލު ކަންބޮޑުވިއެވެ. އޭނާ އަވަސް އަވަހަށް ނާއިލުގެ ގޮނޑީގެ އަތްގަނޑުގައި ހިފާ އޭނާ އާއި ދިމާލަށް އަނބުރާލިއެވެ.
“ކިހިނެއްވީ، ޝަބާ އާއިހެދިތަ” ނަވާލަށް އޭނާގެ ބޭބެ ރޯންޖެހޭވަރުގެ އެހެން ސަބަބެއް ހިތަށް ނައީއެވެ. އެކަކަށްވެސް ކިޔާނުދޭ ކަމެއް ނާއިލުގެ ހަޔާތުގައި އޮވެދާނެކަމަށް ނަވާލުއަށް ނުވިސްނުނެވެ. ނާއިލު އޭނަގެ ކަރުނަތައް ހިންދާލަމުން މަޑުމަޑުން ދެފަރާތަށް ބޯހޫރާލިއެވެ.
“ބީބީ ހެޕީ ނޫނިއްޔާ ޝަބާ އާއި އިނދެގެން ތިއުޅެނީ ކީއްވެތަ، ޔަގީނުންވެސް ހެޕީނަމަ މިއަދު އަހަންނަށް މިފެނުނު ތަނެއް ނުފެންނާނެ ދޯ، ކިހިނެއް އެނގެނީ ބީބީ އަބަދު ރޮނީ ނޫންކަމެއް، ތިކަހަލަ ލައިފެއް އުޅޭނެކަމެއްނެތް، ޝަބާ ދޫކޮއްލަންވީނު… އަހަރުމެން މިތިބީ ބީބީ އާއި އެއްކޮޅަށޭ، މަންމަ އުފާކޮއްދޭންށޭ ކިޔާފަ ބީބީގެ އުފާތަށް ނަގާލަންވީ ކީއްކުރަން” ނަވާލު އެގޮތަށް ވާހަކަ ދެއްކިނަމަވެސް އޭނާގެ މޫނުމަތިން ނުރުހުމުގެ އެއްވެސް އަސަރެއް ފާޅެއްނުވެއެވެ. އެއަށްވުރެ އޭނާ އިނީ ނާއިލުގެ ޖަވާބެއް އެނގެން ބޭނުންވެފައެވެ.
“ޝަބާއަކާ މިކަމަކާ އެއްވެސް ގުޅުމެއްނެތް، ޝަބާ ދޫކޮއްލަން ވެއްޖެނަމަ، އެކަންވެސް އަހަރެން ކުރާނަން، އެކަމަކު… އަހަރެން ގަސްދެއްނުކުރަން” ނާއިލުގެ ޖުމްލަ ފުރިހަމަ ނުވަނިސް ނަވާލު އިންތަނުން ފުންމައިގެން ތެދުވެއްޖެއެވެ.
“އޯ ކަމޯން، ނުބުނާތި ބީބީ ބޭނުންވަނީ އެއަންހެން ކުއްޖާ އާއިއެކު އުޅެންށޭ، އެކަޓު ކުއްޖާއަކާ ބީބީ އަކާ ނުވެސް ގުޅޭ، ބީބީ އާއި ގުޅޭކުދިން ބައިވެރި އެބައުޅޭ، މަންމައަށް ކުއްޖަކު ނުހޯދުނަސް އަހަރެން ހޯދަފާނަމޭ ބީބީ އާއި ގުޅޭ ކަހަލަގެ ކުއްޖަކު” ނަވާލު ބޭނުންވާގޮތް ހާމަކުރިއެވެ.
“ނަވާ ކީއްވެތަ ތިހެން ތިވިސްނަނީ، އަބަދު އަބަދު ޝަބާ އާއި ދިމާލަށް ކަޓޭ ތިކިޔަނީ ކީއްވެތަ، ހުރިހާ އިންސާނުންނަކީ ހަމަހަމަ ބައެއްނޫނެންނު، ކޮންމެ މީހަކީވެސް އޭނާގެ ގޮތުގައި ތަފާތު މީހެއް، އަހަންނަކީވެސް މުސްލިމެކޭ، ތީވެސް މުސްލިމެއް، އިސްލާމް ދީން ޤަބޫލުކޮއްގެން ހުރިއިރު އަހަރުމެން އެދީނުގައި އަންގަވާފައިވާ ގޮތަށް އެބަ އުޅެމުތަ، އަހަރުމެންނާ ޝަބާ އާއި ހުރި ތަފާތަކީ އެއީ، އޭނާ މާޔޫސްވާ ވަގުތު ވާޤަތްއެދެނީ އެދެންޖެހޭ ފަރާތުން، އަމިއްލަ އުފަލަށްވުރެ އޭނާ އެހެންމީހުންގެ އުފާތަކަށް އިސްކަންދޭ، މައިންބަަފައިންނަށްޓަކައި މިޒަމާނުގަ ހެޔޮހިތުން އެއްވެސް ދަރިއަކު ޤުރުބާވާތަނެއް ނުފެންނާނެ، ސާފު ތާހިރު ކަމާއި އޯގާތެރިކަމަކީ އަންހެނަކަށްވީތީ އެމީހުންގެ ޠަބީޢަތުގައި ހުންނަންޖެހޭނެ ސިފައެއްކަން އަހަންނަށް އެނގެނީވެސް މިހާރު، ރަނގަޅު އަންހެނަކު މުގުލުގައި ހުރެއްޖެނަމަ އެދިރިއުޅުމުގައި އުންމީދުގެ ހުޅުކޮޅު ނުނިވޭނެކަން އަހަންނަށް މިހާރު ޔަގީން، ނަވާލުއަށް ތިފެންނަ ކަޓުކަމަކީ ކޮބާތަ، އަހަންނަށްވެސް ބުނެދީބަލަ، ފަސްވަގުތު ނާޅާ ނަމާދުކުރުމަކީ ކަޓުކަންތައް، އެހެންމީހުންގެ ލޯތަކަށް ފޮރުވުމަށްޓަކައި އެލާ ބޮޑުހެދުމަކީވެސް ޝަބާގެ ކަޓުކަންތައް، އޭނާގެ ހިތުގެ ސާފުކަމާއި އަހަރުމެން އެކަކަށްވުރެވެސް އޭނާގެ އިމާންކަން ވަރުގަދަވެފަ ދީނަށް ލޯބިކުރުމީ އޭނާގެ ކަޓުކަންތައް… ފިރިމީހާގެ ވާޖިބަކީ ކޮބައިގެން އެނގުމަކީ ކަޓުކަންތައް، ޚުދު ފިރިމީހާއަށްވެސް ނޭނގޭ އޭނާގެ ވާޖިބަކީ ކޮބައިކަމެއް… ނަވާ އަހަރެންގެ ގާތު ބުނެބަލަ، ތިބުނާ ކަޓުކަމަކީ ކޮބާތަ” ނާއިލުގެ ވާހަކަތައް އަޑުއިވުމުން ނަވާލުގެ މެޔަށް އިޙްސާސް ކުރެވިގެން ދިޔަ ފިނިކަން އޭނާގެ މުޅި ހަށިގަނޑަށް ބާރުފޯރުވިއެވެ. ދެޖީބަށް އަތް ޖަހާލުމާއިއެކު ކޮޓަރިތެރޭ ދެކޮޅަށް ހިނގާލެވުނެވެ. އޭނާގެ ސިކުނޑީގައި ނުބައި ހިޔާލެއް އުފެދިގެން ދިޔައެވެ. ނާއިލު އާއި ޝަބާގެ ގުޅުން ގާތްވެފައިވަނީ ކިހާ ވަރަކަށް ބާއޭ ނަވާލުގެ ހިތުގައި ސުވާލު އުފެދުނެވެ. ޝަބާ އާއި މޯނާ އަޅާކިޔާލެވުނީ ކީއްވެކަމެއް ނަވާލަކަށް ނޭނގެއެވެ. އޭނާވެސް އެފަދަ އަންބަކު ހޯދުމުގެ ހުވަފެން ދެކުނުކަން ހަނދާންކޮއްދިނީ ނަވާލުގެ އަމިއްލަ ޒަމީރެވެ. ނަމަވެސް އެފަދަ އަންބަކީ ޚިޔާލީ ވާހަކައެއްގެ ތެރޭން ނޫނީ ފާޅުނުވާނެ އަންބެއްކަން އޭނާވަނީ ޤަބޫލުކޮއްފައެވެ. ނާއިލުގެ ވާހަކައިން އޭނާގެ ހިތަށް އުނދަގޫވިއެވެ. އޭނާއަށް ރައްދުދޭނޭ ގޮތެއް ނުވިސްނުނެވެ.
“އައެމް ސޮރީ” ވަރަށް ހިތްވަރުކޮއްފައި ނަވާލުގެ ދުލުން ބުނެލިއެވެ. އަދި އޭނާ އައިސް ކުޑަދޮރުގެ ކައިރީ އިށީނެވެ.
“އަހަރެން ނަވާދެކެ ހިތްހަމަ ނުޖެހިގެންނެއްނޫނޭ އެހެންބުނީ” ނާއިލު އޭނާގެ ކުރިމަތީގައި މިހާރު އިން ނަވާލަށް ބަލާލަމުން ބުނެލިއެވެ.
“ބީބީ ލޯބިވޭތަ ޝަބާދެކެ” އިރުކޮޅަކު އިނުމަށްފަހު ނަވާލު ސުވާލެއް ކުރިއެވެ.
“ސާބަސް ނަވާ، އިތުރަށް ޝަބާގެ ވާހަކަދައްކާކަށް އަހަރެން ބޭނުމެއްނޫން، ޕްލީޒް… ބުނެބަލަ، ކީއްކުރަންތަ މިކޮޓަރިއަށް ނަވާ އައީ، އެނގޭތަ ކިހާ ދުވަހެއް ފަހުންކަން ނަވާ މިކޮޓަރިއަށް ތިވަނީ، އަހަރެން މީނީ އަޖައިބުވެފަ އެކަމާ” ނާއިލު ދެކެވެމުންދިޔަ ވާހަކައިގެ އަމާޒު އެހެން ދިމާލަކަށް އަނބުރާލެވޭތޯ ބުންޏެވެ.
“ބީބީ، އަހަރެން ހިތަށް އަރަނީ އަދިވެސް ބީބީ އަހަންނަށް މާފެއް ނުކުރާނެއޭ، މިކޮޓަރިއަށް ވަންނަން އަހަންނަށް ނުކެރެނީ އެހެންވެ، އަހަންނަކަށްވެސް ވަކި ފަސޭހައެއް ނޫނޭ ބީބީ ތިހާލުގަ އޮންނައިރު ދެކެން އަންނާކަށް، އައި ޓްރައިޑް މައި ބެސްޓު ޓު ލީވް އޯލް ދިސް ބިހައިންޑް…” ނަވާލު އިސްޖަހާލަމުން ބުނެލިއެވެ.
“އަހަރެން ނަވާއަށް މާފުކުރީމޭ ބުނީމެންނު، އެއީ ނަވާ ގަސްދުގަ ކުރިކަމެއްނޫންކަން އަހަންނަށް އެނގޭ، މީ އަހަންނަށް އޮތް ގޮތްކަން ޔަގީން، އަހަންނަކަށްވެސް ޤައިބުގައިވާ ކަންތައްތަކެއް ނޭނގޭ، އެހެންވެ މުސްތަޤްބަލު އޮތީ ކިހިނެއްކަމެއް ޚުދު އަހަންނަކަށްވެސް ނޭނގޭ، ކުރިން ދިރިހުންނަން ބޭނުން ނުވިނަމަވެސް، އަހަރެން މިހާރު ބޭނުން ދިރިހުންނަން މަސައްކަތް ކުރަން، މަންމަގެ މަސައްކަތް ފެނަށްވެގެން ދާކަށް އަހަރެންވެސް ބޭނުމެއްނޫން” ނާއިލުގެ ތުންފަތަށް ފަނޑުނަމަވެސް ހިނިތުންވުމެއް ވެރިގެންދިޔައެވެ.
އޮފީހުގައި އިނދެ ނީރާ އާއި ދިމާވޭތޯ ޝަބާ ވަރަށް މަސައްކަތް ކުރިއެވެ. އޭނާގެ ދިރިއުޅުން ހުއްޓުމަކަށް އައިސްފިކަން އަންގާ އެކަމަށް އެންމެ ގާތް އެކުވެރިޔާގެ ޚިޔާލު ހުރިގޮތް އެނގެން ބޭނުންވަނީއެވެ. ދިގު އީމެއިލްއެއް ލިޔެލާފައި ނީރާއަށް ފޮނުވާލީ އޭނާގެ ފަރާތުން ކޮންމެވެސް ޖަވާބެއް ލިބޭނެ ކަމުގެ އުންމީދުގައެވެ.
“މިއަދު ގެއަށް ނުދަންތަ… މީ ވަރަށް ހެއްވާ މީހެއް، ކައިވެނި ސައި ނިމިގެން ދިޔައިރު އަހަރުމެން އެކަކަށްވެސް އަންގާނުލި” އެކުގައި މަސައްކަތް ކުރަން އުޅޭ ޔުމްނާ ބުނެލިއެވެ. ޝަބާ އޭނާއަށް ބަލާލާފައި ހިނިތުންވެލަމުން ތެދުވެ އަތްދަބަސް ތައްޔާރުކޮއްލިއެވެ. ޗުއްޓީގައި އުޅެފައި ޔުމްނާވެސް އޮފީހަށް ނުކުތީ މިއަދުއެވެ. އޭރު ޔުމްނާ އާއި ދެތިން ކުދިން ޝަބާ އާއިއެކު އޮފީހުން ނުކުތުމަށް މަޑުކޮއްލައިގެން ތިއްބެވެ.
މަޑުމަޑުން ހިނގާލާފައި ގެއަށް އައި ޝަބާއަށް ބަލާލާފައި އެއީ އަަސްލަމްމެންގެ ޅީދަރިއެކޭ އެކަކުވެސް ނުބުނާނެއެވެ. މަގުމަތީގައި މަޑުކޮއްލައިގެން ތިބޭ ޒުވާނުންނަށް ޝަބާ ނުފެންނަކަހަލައެވެ. އޭގެ އިތުރުން ކައިރިން ލާފައި ދާ މީހާވެސް ޝަބާއަށް ބަލާލުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތްކަން އޭނާއަށް އެނގެއެވެ. އެއީ އޭނާ ބޭނުންވާވެސް ގޮތެވެ. އިސްޖަހާލައިގެން ހުރެ ގެއަށް ވަންއިރު ބޮޑުކޮޓަރިތެރެ ފެންނަނީ ފަޅުކޮށެވެ. ދެން އައިސް އޭނާ އާއި ނާއިލުގެ ކޮޓަރިއަށް ވަންއިރު އެތަންވެސް ވަނީ ހުސްކޮށެވެ. ނަމަވެސް ގްރީން ހައުސް އާއި ދިމާލުން ބަޔަކު ވާހަކަދައްކާ އަޑުއިވިގެން ކުޑަދޮރުގެ ކައިރީ ޝަބާ ހުއްޓިލިއެވެ. އޭނައަށް މީހަކު ނުފެނުމުން އެދިމާލަށް ނުކުންނަން ހުރި ދޮރު ހުޅުވާ ކޮރިޑޯ ތެރެ ބަލާލިއެވެ. އޭރު ކޮރިޑޯގައި ހުރި ގޮނޑީގައި ނަވާލު އިންއިރު އޭނާގެ ގާތުގައި ނާއިލު އިނެވެ. އެދެމީހުންނަށް ޝަބާ ފެނުމުން ހުއްޓުމެއް އައެވެ. އަވަސް އަވަހަށް ޝަބާ ކޮޓަރި ތެރެއަށް ދެމިގަތެވެ.
ފެންވަރާ ތާޒާވެލައިގެން ނުކުތް ގޮތަށް ޝަބާ އަސުރު ނަމާދުކޮއްލިއެވެ. އަދި ބަނޑުހައިވެފަ ހުރިވަރުން ބަދިގެ އާއި ދިމާލަށް ދާން ކޮޓަރިން ނުކުތެވެ. އޭނާ ކޮޓަރިން ނުކުތް ވަގުތު ނާއިލު ގޮވައިގެން ނަވާލުވެސް އައިސް ކޮޓަރިއަށް ވަންނަނީއެވެ. ނާއިލު ބޭނުންވީ ޝަބާ އަންނަން ދެން އޭނާ އަށް އިންތިޒާރު ކުރާށެވެ. އެކަމަކު ޝަބާ އަޔަސް، އެކޮޓަރީގައި ނަވާލު އިންހާ ހިނދަކު ޝަބާ އާއި ދައްކަންބޭނުންވާ އެއްވެސް ވާހަކައެއް ޚުދު އޭނާއަށްވެސް ނުދެއްކޭނެކަން ނާއިލު އަށް އެނގެއެވެ. އެހެންނަމަވެސް ނަވާލު ގާތު އެކޮޓަރިން ނުކުތުމަށް ބުނާކަށް ނުކެރުނެވެ. މީކާ އައިސް ދޮރު ހުޅުވާލީ ދެޒުވާނުން ހިމޭންވެފައި ތިއްބައެވެ. މީކާ އައީ ހަވީރުގެ ސަޔަށް ނާއިލު ކާމޭޒު ދޮށަށް ގެންދިއުމަށަވެ. އެހެންނަމަވެސް މިއަދު އެކަން ކުރަން އިސްނެގީ ނަވާލެވެ. އޭނާ ބޭނުންވަނީ ނާއިލު އާއި ވަރަށް ގާތުގައި ހުންނާށެވެ. ޝަބާގެ ކަންތައްތައް ވަރަށް ގާތުން ބަލާލުމުގެ ޝައުގުވެރިކަން ހިތަށްވެރިވެފައިވާތީއެވެ.
ސަޔަށް ހުރި އެއްޗެއް ބަދިގޭގައި ހުރި ލީލާގެ ގާތުން ޝަބާ އަހާލުމުން، އޭނާ އެހެރީ ވަރަށް ބަނޑުހައި ވެފައިކަން ލީލާއަށް އެނގުނެވެ. އެހެންނޫނީ ޝަބާ ހުރިއެއްޗެއް އޮޅުން ފިލުވާކަށް ދުވަހަކުވެސް ނޫޅޭނެއެވެ. މޭޒުމަތި ތައްޔާރު ކުރުމަށް ލީލާއަށް އެހީތެރިވަމުން ޝަބާ ދިޔައީ މަސައްކަތް އަވަސްކޮއްލުމުގެ ބޭނުމުގައެވެ.
ސައި ނިންމާލާފައި ޝަބާ ކޮޓަރިއަށް ދިއުމަށް ހިނގައިގަތުމުން ނާއިލުވެސް އަވަސް އަވަހަށް މީކާއަށް ގޮވާލިއެވެ. އެވަގުތު ނަވާލު ޚިޔާލެއް ފާޅުކޮއްލިއެވެ. އަދި މީކާއަށް ހަދަންވީގޮތެއް ނޭނގިފައި ހުއްޓާ ނާއިލުގެ ގޮނޑި ދުއްވާލުމާއިއެކު އެތަނުން ނުކުންނަން ހިނގައިގަތެވެ. އެއާއިއެކު ކޮންމެވެސް ވަރަކަށް ނާއިލުއަށް ނުތަނަވަސްކަން ލިބިގެން ދިޔައެވެ. އޭނާ އިނީ ޝަބާ އާއި ބައްދަލު ކުރަން ބޭނުންވެފައެވެ. އަނެއްކޮޅުން އެހާ ދުވަސްކޮއްލާފައި އޭނާ އާއިއެކު ވަގުތު ހޭދަކޮއްލަން ބޭނުންވި ކޮއްކޮގެ އިޙްސާސް ތަކަށް ބީރުކަންފަތެއް ދޭން ނާއިލުއަށް ނުކެރުނީއެވެ. އެހެންވެ ގޮތްހުސްވެފައިވާ މީހަކު ފަދައިން ނަވާލުގެ ވާހަކަތައް އަޑުއަހަމުން އޭނާ ގެންދާތަނަކަށް ނާއިލު ދާން މަޖުބޫރުވެފައި އިނެވެ. އެމީހުންނާއިއެކު މީކާވެސް އުޅުނެވެ.
ކޮޓަރީގައި އެކަނިވެފައި ޝަބާ އޮތްއިރު ހިތުގައި އެތަކެއް ސުވާލެއް އަދިވެސް އެނބުރެމުންދެއެވެ. އޭނާގެ ހަނދާނުން ފޮހެވިގެން ނުދާ ބައިވެރިޔާގެ ޚިޔާލުގައި ޝަބާއަށް އޮވެވުނެވެ. ރާޢިދު މިހާރު ވާނީ ކޮންތާކުބާއޭ ޝަބާގެ ހިތަށް އަރަމުންދިޔައެވެ. އޭނާގެ ދިރިއުޅުމަށް އެހެން އަންހެން ކުއްޖަކު އައީބާއޭވެސް ޝަބާގެ ހިތަށް އެރިއެވެ. އެކަމަކު އެކަން ޤަބޫލުކުރަން ޝަބާއަށް ދަތިވަނީއެވެ. ރާޢިދު އޭނާދެކެ އިންތިހާއަށް ލޯބިވިއެވެ. ނޫނީ އެއީ، އެހުރިހާ ދުވަހު ޝަބާގެ ލޮލުގައި އެޅުވި އަނދުނެއްބާއެވެ. ލޮލުގެ ހިމަކޮޅުންލާފައި ކަންފަތާ ދިމާލަށް ކަރުނަތިކި ދަތުރުފެށުމާއިއެކު ޝަބާ ދެއަތުން ލޯ ފޮހެލިއެވެ. އަދި އެނދުގެ އެއްފަރާތަކަށް އެނބުރިލަމުން ކުޑަކޮށް ހުޅުވާފައި ހުރި ކުޑަދޮރަށް ބަލަހައްޓައިގެން އޮތެވެ. މަޑުމަޑު ވައިރޯޅި އާއިއެކު އެލުވާފައި ހުރި ވިންޑްޗައިމް ހެލިލާ ގޮތް ބަލާށެވެ. ކޮޓަރީގެ ދޮރު ހުޅުވާލާފައި ނާއިލު ގޮވައިގެން އައި ނަވާލުވެސް ވަނެވެ. އެނބުރުނު ޝަބާއަށް އެތަން ފެނުމުން އަވަސް އަވަހަށް ތެދުވެ އެނދުގައި އިށީނދެއްޖެއެވެ. ވަރަށް ވެސް ފުން ބަލާލުމަކުން ނަވާލު ޝަބާއަށް ބަލާލިއެވެ. އަދި ނާއިލުގެ ގާތުގައި ދަނީއޭ ބުނެ އެކޮޓަރިން ނުކުތެވެ. އޭނާ އާއިއެކު ދޮރުމަތީ ހުރި މީކާވެސް ދިޔައީއެވެ.
“ވަރުބަލި ވީތަަ؟ މިއަދު އޮފީސް ވަރަށް ބިޒީތަ” ނާއިލު، ޝަބާ އާއި ވާހަކައެއް ދެއްކޭތޯ އުޅުނެވެ.
“ނޫން” ކުޑަކޮށް ހައިރާންވެފައި އިން ޝަބާގެ ޖަވާބު ކުރެވެ. އޭނާ އިނީ ނާއިލު އާއި ވާހަކަ ދައްކަން ބޭނުންނުވެފައެވެ.
“ޝަބާ ބޭނުންވާގޮތެއް އަހަރެން ކައިރީ ނުބުނަން ތިއުޅެނީ ކީއްވެތަ، ޑިވޯސްގެ ވާހަކަ ދެއްކި ފަހުން ޝަބާ އަހަންނަށް އިތުރު ވާހަކައެއް ދައްކާނެ ފުރުޞަތެއް ނުދެމެންނު، އެއީ ކީއްވެތަ” ނާއިލު ޝަބާއަށް ބަލަން އިނދެ ބުނެލިއެވެ. ދެންވެސް ޝަބާ އޭނާއަށް އެއްވެސް ޖަވާބެއް ނުދިނެވެ. ވެރިވަމުންދިޔަ ހަމަހިމޭންކަން ނައްތާލަން ޖެހުނީ ނާއިލުއަށެވެ.
“ޑިވޯސްވާން ބޭނުންނުވަންޏާ ޝަބާ އަހަރެން ކައިރީ ބުނީމަ އެނގޭނީ، އޭރުންތާ އެހެން ވިސްނުމަކަށް ދެވޭނީ….” ނާއިލު މިހެން ބުނުމާއިއެކު ޝަބާ އޭނާއަށް ބަލާލިއެވެ. އެބަލާލުން ޖަވާބެއްގެ ގޮތުގައި ނާއިލުއަށް ފުދުނީ ކީއްވެކަމެއް ނޭނގެއެވެ. އެތުންފަތަށް ލުއިލުއި ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. އިރުކޮޅަކު އެގޮތަށް ޝަބާއަށް ބަލަހައްޓައިގެން އިނދެފައި ނާއިލު އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ.
“ގަސްދެއް ނުކުރަން ޑިވޯސް އަކާއި ހަމައަށް ދާކަށް، ޝަބާ، އާދެބަލަ މިކޮޅަށް… ތިހާ ދުރުގަ އިނީމަ ވާހަކަދައްކަން ވަރަށް އުނދަގޫ، ކޮންމެ ގޮތެއްވިޔަސް އަހަންނަކަށް ޝަބާގެ ގާތަކަށް ނުދެވޭނެއެންނު، އެކަމަކު އަހަރެންވެސް ބޭނުން އިސްނަގާ ޝަބާގެ ގާތަށް ދާން، ގޮސްއިނދެ މިވާހަކަތައް ދައްކަން” ނާއިލުގެ އަޑުގައި ރިހުމެއް އެކުލެވިފައިވާކަން ޝަބާއަށް ފާހަގަވިއެވެ. އޭނާ މަޑުމަޑުން ތެދުވެގެން އައިސް އެނދުގެ ފައިލާކޮޅުގައި ހުރި ސްޕޮންޖުޖެހި ދިގު ގޮނޑީގައި އިށީނެވެ. އޭރު ނާއިލު ދެތިން ފިޔަވަޅެއްހާ ދުރުމިނުގައި އިނެވެ.
“އަހަރެން ވާހަކައެއް އަހަންނަތަ” ޝަބާ އިސްޖަހާލައިގެން އިނދެ ބުނެލިއެވެ.
“އަވަހަށް އަހާ… ޝަބާ، އެއްޗެއް އަހާނެ އިރަކަށް އަހަރެން މި އިންތިޒާރު ކުރަނީ” ނާއިލު ބުނެލިއެވެ.
“ކީއްވެ ނާއިލުގެ ނިންމުން ބަދަލު ކުރީ، އަހަންނާއި ހެދިތަ… ނާއިލު ބުނީމެންނު އަހަންނާއިއެކު އެއްވެސް އުފަލެއް ނުލިބޭނެޔޭ، ދެން ކީއްވެ” މިހެން ބުނަމުން ޝަބާ ނާއިލު އާއި ހަތަރުކަޅި ހަމަކޮއްލިއެވެ.
“އާން، އެހެން ބުނިން، ޝަބާ އެކަންޏެއް ނޫން މައިންބަފައިންދެކެ ލޯބިވަނީ، އަނެއްކޮޅުން މީ އަހަރެންގެ މުސްތަޤްބަލައްޓަކައި ވަރަށް ވިސްނާފައި ނެގި ފިޔަވަޅެއް، އަހަރެންގެވެސް މާޒީއެއްވޭ، މިވަގުތު އަހަންނަށް ޔަގީންވަނީ އެއްކަމެއް، އެއީ އަހަރެން ޝަބާގެ އެކުވެރިކަމަށް ބޭނުންކަން، ޝަބާ އަހަންނާ ރަޙުމަތްތެރިވާނަންތަ… އަހަރުމެންގެ މައިންބަފައިންނަށްޓަކައިވިޔަސް މިގުޅުން އަހަރުމެން ގެންގޮސް ބީއްސާލަނީ ކިހާ ހިސާބަކަށްކަން ބަލާލުމުގެ ރިސްކު އަހަރެން ނަގަން މިހިރީ ތައްޔާރަށް، އެކަމަކު މިފަހަރު އަހަރެން ޝަބާގެ ޖަވާބަކަށް ވަރަށް ބޭނުން، ކީކޭ ޝަބާ ބުނަނީ” ނާއިލުގެ ހިތުގައިވާ އެއްޗެއް ބޭރުކޮއްލެވުމުން އޭނާއަށް ހިތްހަމަޖެހުން ލިބިގެންދިޔައެވެ. އަނެއްކޮޅުން ހާސްވެފައި އިނީ ޝަބާ ދޭނެ ޖަވާބެއް ނޭނގޭތީއެވެ.
“ނާއިލު އަހަރެންގެ ފަރާތުން ބޭނުންވާ ކޮންމެ ކަމެއްވެސް އަހަރެން ކޮއްފާނަން” ޝަބާ މިހެންބުނީ އޭނާގެ ކުރިމަތީ އިނީ އޭނާގެ ފިރިމީހާކަން ޤަބޫލު ކުރާތީއެވެ. އެއީ ހަޤީގަތަށްވީމައެވެ. އޭނާގެ އަމުރު ޝަބާގެ މައްޗަށް ހިނގާނެތީއެވެ.
“ޕްލީޒް ޝަބާ، ތިގޮތަށް ނުވިސްނަބަލަ، އަހަރެން ޝަބާގެ މައްޗަށް ބާރު ފޯރުވާ ގަދަވެގަންނާކަށް ބޭނުމެއްނޫން، އެއީ އަހަރެންގެ ޚަޞީލަތާއި މުޅިން ހިލާފުކަމެއް… ޝަބާ ބޭނުންނޫން ގުޅުމެއް އަހަންނާއިއެކު ހިންގާކަށް ނުބުނާނަން، އަހަރުމެން ދެމީހުންނަށް ދެރަޙުމަތްތެރިންނަށް ނުވެވޭނެތަ، ދެރަޙްމަތްތެރިން ހެން އެއްފުރާޅެއްގެ ދަށުގައި ނޫޅެވޭނެތަ… އަހަރެންގެ އަތް ހަރަކާތް ނުކުރިކަމުގައި ވިޔަސް ހީކޮއްލާ އަހަރެން މީނީ ޝަބާގެ ރަޙުމަތްތެރިކަމަށް އެނދި އަތްދިއްކޮއްލައިގެންނޭ” ނާއިލު ބުނެލިއެވެ. ޝަބާ އޭނާގެ ގާތަށް ފުރަތަމަ ފިޔަވަޅު އެޅިގޮތަށް މިއަދު އޭނާ އެވަނީ ޝަބާގެ ގާތަށް ފުރަތަމަ ފިޔަޅު އަޅާފައެވެ. މަޑުމަޑުން އެއްޗެއް ނުބުނެ އިސްޖަހާލައިގެން އިން ޝަބާ ތެދުވެގެން އައިސް ނާއިލުގެ ގޮނޑި ކައިރީ ކަކޫޖަހާލަމުން ނާއިލުގެ އަތްތިލާގައި ދެއަތުން ހިފާލިއެވެ. އަދި އިސްއުފުލާ ނާއިލުއަށް ބަލާލީ ފެންކަޅިވެފައިވާ ދެލޮލުންނެވެ. އެއާއިއެކު ބޯޖަހާލީ ނާއިލުގެ އެ ރަޙުމަތްތެރިކަން ޤަބޫލު ކުރާކަމުގެ އިޝާރާތެއްގެ ގޮތުންނެވެ. ދިރުން ގެއްލިފައިވާ އެރީތި ދެލޮލަށް ނާއިލުއަށް ބަލަންއިނދެވުނީ ލުއި ހިނިތުންވުމަކާއިއެކުއެވެ. ޝަބާގެ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބިގެންދިޔައެވެ. އެނބުރި އަމިއްލަ ގެއަށް ދާން ނުޖެހޭނެ ކަމުގެ ހިތްހަމަޖެހުމެވެ.
“ތެންކިއު…” ނާއިލު މަޑުމަޑުން ބުނެލިއެވެ. ދެންވެސް ޝަބާ އޭނާއަށް ބަލަންއިނދެ ބޯޖަހާލިއެވެ. ނާއިލުއަށް ޝަބާގެ މަޑުމަޑު އަތްތިލަ އިޙްސާސް ކުރެވެމުންދިޔައެވެ. އެއަތަށް ބާރުކޮއްލަން ނާއިލު ބޭނުންވިއެވެ. އޭނާ ޝަބާ އާއިއެކު އެބަ ހުރި ކަމުގެ ރަމްޒެއްގެ ގޮތުންނެވެ. އަދި ޝަބާގެ ފެންކަޅިވެފައިވާ ދެލޯ އޭނާގެ ދެއަތުން ފޮހެލަދެން މިފަހަރުވެސް ހިތަށްއެރިއެވެ.
“އަހަންނާ ޝަބާ ދެން ވާހަކަދައްކާނަންތަ” ނާއިލު އަހާލިއެވެ.
“ހޫމް…” މަޑުމަޑުން ޝަބާ ހޫން ލައްވާލިއެވެ.
ރޭގަނޑުގެ އަނދިރިކަމުގެ ތެރެއަށް ދުވާލުގެ އަލިކަން މަޑުމަޑުން ވެރިވެގަންނަނީ އޭގެ ވަގުތު ޖެހުމުންނެވެ. ކޮންމެ ކަމަކަށްވެސް ވަގުތެއް ކަނޑައެޅިފައިވެއެވެ. އަހަރުމެން އިންސާނުންނަކީ ޤައިބުގައި ވާ ކަންތައްތައް ދެނެގަތުމުގެ ކުޅަދާނަކަން ލިބިފައިވާ މަޙުލޫގުންތަކެއް ނޫނެވެ. އެހެންނަމަވެސް އަހަރުމެންގެ އުންމީދުގެ ހުޅުކޮޅު ނުނިވެއެވެ. ކޮންމެ އަނދިރި ރޭގަނޑަށްފަހު އަލިކަންގަދަވެގެންވާ ދުވާލެއް އަންނާނެ ކަމުގެ އުންމީދު އަބަދުވެސް ކުރެވެއެވެ. އެގޮތުން ނާއިލު އާއި ޝަބާގެ މެދުގައިވި އެކަނިވެރިކަމާއި ހިތްދަތިކަމުގެ އަނދިރިކަން ވެރިކުރުވަމުން ދިޔަ ބޯފާރުގެ ތެރޭން ކިތަންމެ ކުޑަނަމަވެސް އަލިކަމެއް ފާޅުވެއްޖެއެވެ. ހިމަހިމަ ކުޑަ އާނގައެއް ތޮރުފާލުމަށްފަހު އެޅިގެން ދިޔަ އަވިކޮޅެއްފަދައިންނެވެ. އެއަލިކަމުގެތެރެއަށް ފާރުގެ ދެފަރާތުގައި ތިބެވެސް އަތްދިއްކޮއްލެވިއްޖެއެވެ. ކުރިއަށް ފިޔަވަޅު އެޅުނީވެސް ދެމީހުންނަށް އެކުގައެވެ.
މަޑުމަޑުން ބަދަހިވަމުން ދިޔަ ދެމަފިރިންގެ ގުޅުމަށް ފާރަލަމުން ދިޔަ މީހަކުވެސް ޢާއިލާގެ ތެރޭގައި ހުއްޓެވެ. ސިއްރުން ކަހަލަ ގޮތަކަށް އަމާޒު ކުރެވެމުންދާ ލޮލަށް ފެންނަ މަންޒަރުތަކުން އޭނާގެ ހިތަށް ތަދުކުރުވަނީ ކީއްވެކަމެއް ނޭނގެއެވެ. އެހެންނަމަވެސް ޝަބާ އާއި ނާއިލު އެމީހުންގެ ކޮޓަރިން ބޭރަށް ނުކުންނާނެ ވަގުތަކަށް އޭނާއަށް އިންތިޒާރު ކުރެވެއެވެ. ދަންވަރުގެ ވަގުތުތަކުގައި އެއްވެސް ބޭނުމަކާއިނުލާ ކޮޓަރިން ބޭރު ބެލްކަނީގައި ވަގުތު ހޭދަ ކުރެވެއެވެ. އެއިން ކޮންމެ ފަހަރަކުވެސް އޭނާގެ ލޯ ހޯދަނީ ގްރީން ހައުސް އާއި ދިމާ ކޮރިޑޯއެވެ. އެތަނުގައި ހުރި ގޮނޑިއަށް ބެލެނީ ކިތަށް ފަހަރު ކަމެއްވެސް އޭނާއަށް ނޭނގެއެވެ.
ރާއްޖޭން ބޭރުގައި އާއި ރާއްޖެތެރޭގައި އަސްލަމްގެ ވިޔަފާރީގެ ކަންތައްތަކުގައި ދުވަސްތައް ހޭދަކުރުމަށް ފަހު ނީލް މާލެއައެވެ. ގެއަށް އާދެވުނީ އިރު އޮއްސި އަނދިރިވި ފަހުންނެވެ. އެންމެ ފުރަތަމަވެސް ބައްދަލު ކުރީ އަސްލަމް އާއިއެވެ. އަދި އޭނާގެ ހުއްދަ ލިބިގެން ކޮޓަރިއަށް ދިޔައީ ރޭގަނޑުގެ ކެއުމުގައި ބައިވެރިވުމުގެ ކުރިން ފެންވަރާލާ، ލައިގެން ހުރި އެއްޗެހި ބަދަލު ކޮއްލުމުގެ ބޭނުމުގައެވެ.
“މޯނާ… ކޮންއިރަކުން ގެއަށް އަންނާނީ، އަހަރެން ވަރަށް އެކަނިވެގެން މިގުޅީ” ނަވާލުގެ ސިކުނޑިއަށް ވެރިވަމުންދާ ވަރުގަދަ ޚިޔާލާ އޭނާ ދެކޮޅު ހަދަމުން އަންހެނުންނަށް ގުޅީ އޭނާގެ އެހީއަށް ބޭނުންވެގެންނެވެ.
“އެއްކަލަ ނަވާލު، މިހާރަކަށް އައިސް ކިހިނެއްތަ ތިއުޅެނީ، އަހަރެން ބޭރަށް ދިޔަތާ އަދި ނުވާނެ ގިނަ އިރެއްވެސް، ދެން ކޮން އެކަނިއެއް ވާކަށްތަ، އަހަރެން ގެންދަން ދައްކާ ވާހަކަ ދޯ ތީ، މަށަކަށް ނުދެވޭނެ މިހާރު، ދެންމެ އޯޑަރު ކުރި އެއްޗެހިވެސް އެއައީ… ނަވާ މަންމަމެންނާއިއެކު މިރޭ ކާލާ، ނޫނީ ރައްޓެހިންނާއިއެކު ބޭރަށް ގޮސްލަބަލަ، އަބަދު ގޭގަ އޮންނާތީ ވާގޮތޭ ތީ، ކޮބާތަ ނަވާގެ ރައްޓެހިންތަ، އެމީހުންނާ ގުޅާ ގެއަށް ގެެނެސްބަލަ، ނޫނީ އެމީހުންނާއިއެކު ކޮފީއަށް ދޭބަލަ… އަންހެނުން ކުރާ ކަހަލަ ގެ ޝަކުވާ ނަވާ މިހާރު ތިކުރަނީ، އަހަންނަށް އަބަދު ނަވާގެ ފޫބުޑަކު ނޯވެވޭނެ އެންނު” މޯނާ ފޯނުން އެހެން ބުނި އިރު ކައިރީގައި ތިބި ރައްޓެހިންނަށް އެއަޑުއިވޭނެޔޭ ހިތަށް އެރީ ހަމައެކަނި ނަވާލުގެ ހިތަށެވެ. އައިރުޅިން ނަވާލު ވަގުތުން ފޯނު ކަނޑާލިއެވެ. ބޯ ހާސްވެފައި އިން ނަވާލު ކޮމްޕިއުޓަރުގެ ކައިރީ ހުރި ގޮނޑީގެ ތެރެއަށް ވެއްޓިގަތެވެ. އެހެން އިނުމަށްފަހު އަނެއްކާވެސް އޭނައަށް ނުކުމެވުނީ ބެލްކަންޏަށެވެ.
“ނަވާ…” ބެލްކަންޏަށް ނުކުން ނީލް ގޮވާލިއަޑުއިވުނެވެ. ނަވާލު އެދިމާލަށް ބަލާލާފައި ނީލްއަށް ނިތްއަރުވާލަމުން ކުޑަކޮށް ހިނިތުންވެލިއެވެ. ދެޒުވާނުންވެސް މަޑުކޮއްލީ ބެލްކަނީގައި އަތްއަޅުވާލައިގެން ނަވާލުގެ ކޮޓަރި އާއި ދިމާލުގައެވެ. ތާޒާވެލައިގެން ހުރި ނީލްގެ އިސްތަށިގަނޑު މައްޗަށް ވާގޮތަށް ރީތިކޮށް ފުނާއަޅާލާފައިވާއިރު އަދިވެސް ތެތްކަން އެކުލެވިފައިވެއެވެ. ފެހީގެ ކުލަތައް ހިމެނޭ ގޮޅިޖެހި ގަމީހުގައި އޭނާ ހުރިއިރު، ގަމީހުގެ އަތްވަނީ ހެޔޮވަރު ވަރަކަށް އޮޅޯލާފައެވެ. ސިފައިގެ ގޮތުން ނަވާލު އާއި ނާއިލު އާއި އެއްވެސް ވައްތަރުކަމެއް ނީލްގެ ނެތެވެ. އެހެންނަމަވެސް ނީލްއަކީވެސް ފިރިހެންވަންތަ އެތަށް ސިފައެއް ލިބިފައިވާ ރީތި ޒުވާނެކެވެ. ނާއިލު އާއި ނަވާލަށްވުރެ ހަމުގެ ކުލަ އަލިވެފައި ސަމީރާ އާއި ވައްތަރު ގޮތެއް އޭނާގެ ގައިގާ ހުރެއެވެ.
“ވަރަށް ހާސްވެފަހެން ހީވޭ” ނީލް، ނަވާލަށް ބަލާލަމުން ބުނެލިއެވެ.
“ނޫން.. ކޮންއިރަކު ތުއްތޮން މާލެ އައީ” ނަވާލް ހަމަޖެހޭ ގޮތް ދައްކާލަމުން ބުނެލިއެވެ.
“ކުޑަކުޑަ އިރުކޮޅެއް އަދި މިވީ، ކޮބާތަ މޯނާ، ނަވާ އެކަނިތަ ތިއުޅެނީ” ނީލް އަހާލިއެވެ.
“ހޫމް…” ހޫން ލައްވާލި ނަވާލުގެ މޫނު މައްޗަށް އެޖެއްސި ވައްތަރުތައް ނީލްއަށް ފެނުނެވެ. އޭނާގެ ހިތުގައި ސުވާލު އުފެދުނެއް ކަމަކު އެކަމެއް ފާޅެއް ނުކުރިއެވެ. މޯނާ އާއިމެދު ހިތްހަމަ ނުޖެހިފަހުރިގެން ނީލްއަށް ހީވިއެވެ.
“ކޮބާތަ ނާއިލު، އެމީހުން ރަނގަޅުތަ” ނީލް އާދައިގެ މަތިން އަހާލާ ފަދަ ގޮތަކަށް ނަވާލުގެ ގާތުން އަހާލިއެވެ.
“ނޭނގެ، މިރޭ ކާކޮޓިރި ތެރޭން އެދެމީހުންނާ ދިމާވާނެ އެންނު، ތުއްތޮން ތި ސުވާލު ކުރަންވީ އެމީހުންނާ ކަންނޭނގެ” ނަވާލު ބުނެލިއެވެ. ނީލްއަށް ނަވާލުގެ މި ޖަވާބުން އިތުރަށް އޭނާ ހިތްހަމަ ނުޖެހިފައި ހުރިކަން ޔަގީން ކުރެވުނެވެ. މީގެ ކުރިން ނަވާލުގެ ވާހަކަތަކުގައި ރުންކުރުގޮތެއް ނުގެންގުޅޭނެއެވެ. އަބަދުވެސް ވަރަށް ހަމަޖެހިލާފައި ހުންނަ ޒުވާނެއްކަން ނީލްއަށް ފާހަގަ ކުރެވިފައިވެއެވެ.
“ނަވާ، ލައިފްގެ ހުރިހާ ކަމެއްވެސް ރަނގަޅުތަ” ނީލް މިހެން އަހާލީ ހެޔޮއެދޭ މީހެއްގެ ގޮތުންނެވެ. ޚުދު އޭނާވެސް ޤަބޫލު ކުރާ ގޮތުގައި ނަވާލު އާއި ނާއިލު އަކީ އޭނާގެ އެއްބަނޑު އެއްބަފާ ދެކޮއްކޮއެވެ. އެދެމީހުންނަށް ދިމާވާ ދަތިތައް ހުރަސް ކުރުމަށްޓަކާ އެންމެ ފުރަތަމަ އެހީވާ މީހަކީ ނީލް ކަމުގައިވާން އޭނާ ބޭނުމެވެ.
“ކޮންހާ ސުވާލުތަކެއްތަ ތިކުރަނީ، ހުރިހާ ކަމެއްވެސް ރަނގަޅޭ… ތުއްތޮން ބޭނުންވި ޖަވާބު ލިބިއްޖެތަ” ނަވާލު ބޭނުންނުވިޔަސް އޭނާއަށް ރުޅި ކޮންޓްރޯލެއް ނުކުރެވުނެވެ. ނީލްގެ ކުރިމަތިން ލާފައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. ހައިރާން ކަން ވެރިވެފައި ނީލް ހުއްޓެވެ. މިވަނީ ކިހިނެއްކަން ނޭނގިފައެވެ. އޭނާއަކީ މާގިނައިން ގޭގައި އުޅޭ މީހަކަށް ނުވާތީ ގޭތެރޭގައި ހިނގާ ކަންތައްތަކެއް ނީލްއަކަށް ނޭނގެއެވެ. އެހެންނަމަވެސް އޭނާއަށް ނަވާލު ކަމެއް ބުނެދީފިއެވެ. އެގޭ ތެރޭގައި ކޮންމެވެސް ކަމެއް ހިނގައިފި ކަމެވެ. އެކަމަކު އެކަން އޭނާ ހޯދާނީ ކިހިނެއް ހެއްޔެވެ. ސަމީރާ އާއި ވާހަކަ ދައްކައިފިނަމަ އޭނާ ވަރަށް އަވަހަށް ކަންބޮޑުވެ ހާސްވާނެއެވެ. ދެން އޭނާ އެފަދަ ވާހަކައެއް ދައްކާނެ ވަރުގެ މީހަކު އެގޭގައި ނެތެވެ. ހައްލެއް ކަމުގައި އޭނާއަށް ފެނުނީ ޚުދު އޭނާއެވެ. ވީގޮތެއް ހޯދަން ޖެހޭނީ ޚުދު އޭނާއަށެވެ. ނަވާލުގެ ހިތްހަމަނުޖެހުމާއި ގުޅިފައިވަނީ ކޮންކަމެއްތޯ އޭނާ ހޯދާނެއެވެ.
ރޭގަނޑުގެ ކެއުމުގައި ބައިވެރިވި ނީލްއަށް، ނާއިލު އާއިއެކު އައި ޝަބާ ފެނިފައި ހިތަށް ފިނިކަން އިޙްސާސް ކުރެވިގެން ދިޔައެވެ. ކުރި އާއި ޚިލާފަށް ނާއިލުގެ މޫނު މަތިން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ނީލްއަށް ފެނުނެވެ. އެކަމާ އޭނާ އުފާކުރިއެވެ. ބާއްޖަވެރި ހަޔާތަކަށް އެދެޒުވާނުންނަށް ނީލްގެ ހިތުން އެދެވުނެވެ. ކާމޭޒު ދޮށުގައި މާގިނަ ވާހަކައެއް ނުދެކެވެއެވެ. ޝަރުމީލާއަށް ބަދަލު ތަކެއް އައިސްފިކަންވެސް ނީލްއަށް ފާހަގަ ކުރެވުނީ ދެނެވެ. އޭނާއަށް ބޭއިޙްތިޔާރުގައި ދެފަރާތަށް ބޯހޫރާލެވުނެވެ. ގޭތެރޭގައި ކަންތައްތަކެއް ގޯސްކޮށް ހިނގަމުންދާކަން އޭނާ އަށް މިއެނގުނީ އަދިކިރިޔާއެވެ.
“ކުޅިވީތަ…” ނީލް ދެފަރާތަށް ބޯހޫރާލިތަން ފެނިފައި ސަމީރާ އަހާލިއެވެ. ނީލް އަވަސް އަވަހަށް ނޫނެކޭ ބުނެ ކާއެއްޗިއްސަށް ތަޢުރީފު ކޮއްލިއެވެ. އަދި މޭޒުދޮށުގައި ތިބި ހުރިހާ އެންމެންގެ ސަމާލުކަން ހޯދޭތޯ މަސައްކަތް ކުރިއެވެ. އެކިއެކި ވާހަކަތައް ދައްކަމުންނެވެ.
ނާއިލުއަށް އިރުއިރުކޮޅާ ސިއްރުން ނަމަވެސް ޝަބާއަށް ބަލާލެވެއެވެ. އެދެމީހުންގެ ހަތަރުކަޅި ބައްދަލުވެއްޖެނަމަ އަވަސް ހިނިތުންވުމެއް ފެނިގެންދެއެވެ. ނީލް ފެނުމުން އެދެޒުވާނުންގެ މޫނުމަތިންވެސް އުފާވެރިކަން ފާޅުވެގެންދިޔައެވެ. ޝަބާ އާއި އެންމެ ފުރަތަމަ ދިމާވި ދުވަހުން ފެށިގެންވެސް ނީލްއަކީ ވަރަށް ރަނގަޅު މީހެއްގެ ގޮތުގައި އޭނާ ދެކުނެވެ. ރޭގަނޑުގެ ކެއުން ނިންމާލާފައި އެންމެން ބޮޑުކޮޓަރީގައި ޓީވީ ބަލަން މަޑުކޮއްލައިގެން ތިއްބެވެ. ނަމަވެސް އެތަނުން ނަވާލެއް ނުފެނުނެވެ. އޭނާ ކައި ނިމުނުގޮތަށް އަވަހަށް ނުކުތީ ގޭން ބޭރަށެވެ. ދިޔައީ ކޮންތާކަށް ކަމެއް މީހެއްކައިރީ ނުވެސް ބުނެއެވެ. ނާއިލު އާއި ޝަބާއަށް ކޮޓަރިއަށް ދާން ނުކެރިފައި ބޮޑުކޮޓަރިތެރޭގައި ތިއްބެވެ. ޢާއިލާގެ އެހެން މެންބަރުންގެ ވާހަކަތަކުގައި ބައިވެރިވުމުގެ ގޮތުންނެވެ.
“ނާއިލް، ކިހިނެއްތަ ދެކުދިން…” ނީލް، ނާއިލުގެ ކޮނޑުގައި ކުޑަކޮށް ޖަހާލަމުން އަހާލިއެވެ. ޝަބާ، ނީލްއަށް ހިނިތުންވެލަމުން ބަލާލީ ނާއިލުއަށެވެ.
“ރަނގަޅު… ތުއްތޮންގެ ޚާލު ކިހިނެއްތަ، ކޮންއިރަކު ދެން ފުރަނީ” ނާއިލު ބުންޏެވެ. އާންމުކޮށް މާގިނަ ވާހަކަ ނުދައްކާ ނާއިލުގެ ފަރާތުން ފެންނަމުން ދިޔައީ އޭނާ ބަދަލުވެއްޖެކަމުގެ ހަރަކާތްތަކެވެ. އެބަދަލާމެދު ނީލް ހިތްހަމަ ޖެހުނުވަރުން ހިނިތުންވެލެވުނީ ވަރަށްވެސް ބޮޑަށެވެ. އަދި ކުރިމަތީ ކަހަލަ ގޮތަކަށް އިން ސަމީރާ އާއި އަވަސް ނަޒަރެއް ބަދަލުކޮއްލެވުނެވެ.
“ނޫނޭ، މިފަހަރު އެހާ އަވަހަކަށް ނުދާނަން، ދުވަސްކޮޅަކު ގޭގަ މަޑުކޮއްލަން ބޭނުން، ޢާއިލާ އާއި މާ ދުރުގަ މިހާރު މިއުޅެވެނީ، އެއީވެސް ރަނގަޅު ގޮތެއް ނޫނެންނު” ނީލް، ނާއިލުގެ ކޮނޑުގައި ޖައްސާލައިގެން އިން އަތް ނަގަމުން ބުނެލިއެވެ. އަދި ސަމީރާ އާއި އަސްލަމް އަށް ބަލާލީ އެމީހުން ގާތު ވާހަކައެއް ބުނަން އުޅޭފަދަ ގޮތަކަށެވެ.
“އަޅުގަނޑާ މިފަހަރު ރާއްޖެތެރޭން ދިމާވި ވަރަށް މޮޅު ދިވެހިބޭސް ކުރާ މީހަކާ، އެކަމަކު އެއީ އަންހެނެއް، ބޭބޭ… އަޅުގަނޑު ހިތަށްއެރީ ނާއިލުއަށް ފަރުވާ ކުރަން އެމީހާ މިކޮޅަށް ގެންނަން ރަނގަޅޭ” ނީލް އަސްލަމްގެ ޖަވާބަކަށް އެދުނެވެ.
“ތިކަމާ ކީކޭ ބުނާނީ، ތެދެއް ސަމީރާ… ބުނެބަލަ ކޮންމެވެސް އެއްޗެއް” އަސްލަމް ވިސްނަވާލެއްވިއެވެ.
“ރަނގަޅު މީހެއްތަ އެއީ، ނީލްއަށް އެމީހާއަށް އިތުބާރު ކުރެވޭތަ” ސަމީރާވެސް ދެޚިޔާލެއްގައި އިނދެބުނެލިއެވެ.
“އެރަށު ކައުންސިލަރާއިއެކު އެގެއަށް ދެވުނީ، އަޅުގަނޑު ދެކުނިން އޭނާ ބޭސް ހަދަން އިންދާ، ކައުންސިލަރުގެ ފަރާތުން އެނގުނީ އެއީ ވަރަށް މޮޅު މީހެއްކަން، ބުނި އެކި ރަށްރަށުން އާދެއޯ އޭނާ ބަލާ، އެއީ އެކަނި ހުންނަ އަންހެނެއް، އަޅުގަނޑު ހިތަށްއެރީ ޑޮކްޓަރީ ފަރުވާވެސް މިހާރު ވާވަރަށް ކުރެވިއްޖެ އޭ، އެހެންވެ ދިވެހިބޭސް ކޮއްލީމަވެސް ރަނގަޅު ނަތީޖާއެއް ފެނިދާނެއޭ” ނީލް ބުނެލިއެވެ. ސަމީރާ އާއި އަސްލަމް ބަލާލީ ނާއިލު އަށެވެ. މި ފަހަކަށް އައިސް ނާއިލު އިތުރު ފަރުވާއަކަށް ދާން ބޭނުންނުވާކަން ވަނީ އެނގިފައެވެ.
“ދަރިފުޅު ބޭނުންތަ އެމީހާ ލައްވާ ބޭސްކުރަން، އަޅެ ވާގޮތެއް ބަލާލެވިދާނެ އެންނު” ސަމީރާ ނާއިލުއަށް ބަލާލަމުން ބުނެލިއެވެ. ނީލްގެ ވާހަކަ އާއިމެދު ވިސްނަންއިން ނާއިލު އިސްޖަހާލިއެވެ. އޭނާ އެގޮނޑިން ތެދުވަން ބޭނުންވެއެވެ. އޭނާގެ ހަތަރެސްފައި ހަރަކާތްކުރުވަން އޭނާ މިހާރު ބޭނުންވެއެވެ. ދެން ނާއިލުއަށް ބަލާލެވުނީ އެއްފަރާތުގައި އިން ޝަބާއަށެވެ. އެއަންހެން ކުއްޖާ ނާއިލުއަށް ސިހުރު ޖައްސައިފިއެވެ. ދުރުގައި ހުރެގެންނެވެ. ދިރިހުންނަން އޭނާއަށް މަޖުބޫރު ކުރަނީ ޝަބާއެވެ. ޝަބާ ހިނިތުންވެލާ ކޮންމެ ފަހަރަކު އޭނާގެ ހިތުގައިވާ އުންމީދުގެ ހުޅުކޮޅުގެ އަލި ފަހަރަކަށްވުރެ ފަހަރެއް އަލިވެގެން ދެއެވެ. ފުންނޭވާއެއް ހަށިފުރާލުމަށްފަހު ނާއިލު ސަމީރާއަށާއި ނީލްއަށް ބަލާލިއެވެ.
“ތުއްތޮންއަށް އެއީ ރަނގަޅު ޚިޔާލެއްކަމަށް ފެންނަންޏާ، އަޅުގަނޑު ބޭނުން އެމީހާލައްވާ ބޭސްކުރުވަން” ނާއިލު ބުންޏެވެ. އަސްލަމްއަށްވެސް ހައިރާންކަން ލިބިލިލެއްވި ކަމަކަށް ނާއިލުގެ އެނިންމުން ވެގެންދިޔައެވެ. ތުންފަތަށް ވެރިވި ހިނިތުންވުމާއިއެކު ނީލްއަށް އެކަން އަވަސް ކުރުމަށް އަސްލަމް އެދިލެއްވިއެވެ. ސަމީރާއަށް ބުނާނެ އެއްޗެއް ނޭނގިފައި އިރުކޮޅަކު ނާއިލުއަށް ބަލަހައްޓައިގެން އިނދެވުނެވެ. ދެންވެސް އޭނާގެ ހިތުން ޝަބާއަށްޓަކައި ދެވުނު ލޯތްބާއި ޤަދަރު އުފުލިގެންދިޔައެވެ. އެއަންހެން ކުއްޖާ އޭނާގެ ދަރިފުޅުގެ ހަޔާތް ބާއްޖަވެރިކޮއްފިކަން ޔަގީނެވެ. ސަމީރާއަށް އަސްލަމްއަށް ބަލާލެވުނީ އުންމީދީ ނަޒަރަކުންނެވެ. އަސްލަމްގެ ލޮލުންވެސް ފާޅުވެގެންދިޔައީ ހަމަ އެފަދަ ވިދުމެކެވެ.
ހަފްތާއެއްގެ ތެރޭގައި ހަމަޖެހޭ ތޯ އުޅުނު ދަތުރު ދެހަފްތާއަށް ލަސްވުމުން ނީލް ހުރީ ކަންބޮޑުވެފައެވެ. އޭގެ އިތުރުން ޝަބާވެސްވަނީ ހާސްކަމެއްގެ ތެރޭގައެވެ. ނާއިލު އާއިއެކު އޭނާ ދާންޖެހޭތީއެވެ. އޮފީހުން ޗުއްޓީނެގިތާ މާގިނަދުވަހެއް ނުވަނިސް އަނެއްކާވެސް ޗުއްޓީއަކަށް އެދެން ޖެހުމުން ލިބިފައިވާ ނުތަނަވަސްކަމެވެ. ސަމީރާ ބޭނުންވަނީ އޭނާ ވަޒީފާއިން ވަކިވާންކަން އެނގުނެއްކަމަކު، ނާއިލު ހުރީ އޭނާ ބޭނުންގޮތަކަށް ކަންތައްތައް ކުރުމަށް ނިންމައިގެން ކަން ޝަބާއަށް އެނގެއެވެ. ނީލްއަށް އޭނާގެ ރަޙުމަތްތެރިޔާ ހަލީމްގެ ޚަބަރެއް ވީއިރު ޝަބާ އިނީ އޭނާގެ އޮފީސް ވެރިޔާގެ ފޯނުގެ އިންތިޒާރުގައެވެ.
“ހަލީމް، ތިކޮއްދިނީ ވަރަށް ބޮޑު ހެޔޮކަމެއް، އެހެންވީމަ ފުރުމުގެ ހުރިހާކަމެއް އަޅުގަނޑު މި ހަމަޖައްސާލަނީ، އިރާދަކުރެއްވިއްޔާ ދެން ދިމާވާނީ ތިރަށުން” ހިނިތުންވެލައިގެން ހުރި ނީލް ފޯނުން ވާހަކަދެއްކިއެވެ.
“ނީލްއަށް އަވަސް ޖަވާބެއް ނުދެވުނީމަ ވަރަށް ދެރަވި، އެކަމަކު ރަޒިއްޔާގެ ފަރާތުން ޖަވާބެއް ނުލިބިގެން މިހުރިހާ ދުވަސް މިނެގީ، އޭނާ ޤަބޫލުވެގެންތާ މަސައްކަތް ކުރިއަށް ގެންދެވޭނީ، މިއަދު ހަވީރު ނީލްމެން ތިބެން ހަމަޖެހިފައިވާ ގޭގެ ތަޅުތަނޑި އާއި ހަވާލުވާން އަޅުގަނޑު ދާންޖެހޭ، އެކަންވެސް އެވަނީ ހަމަޖެހި ނިމިފަ، އެކަމަކު ނީލްވާނެ ފުރަމުން އަޅުގަނޑަށް އަންގާލަން، އޭރުން ނޫންތޯ ބަލާ ދެވޭނީ، މުޅި ޢާއިލާ މިކޮޅަށް އަންނަގޮތަށްތަ ހަމަޖެހިފަ އޮތީ” ހަލީމް އަހާލިއެވެ.
“ލައްބަ، ޢާއިލާގެ ހުރިހާ މެންބަރުންހެން އަދި ތިބީ ދާގޮތަށް، ހަލީމް އެއަރޕޯޓަށް ނަޔަސް ރަނގަޅުވާނެ، އަޅުގަނޑުމެން ތިރަށަށް ފައިބާއިރު ހަލީމް އާއި ބައްދަލުވަނިކޮށް ނިމުނީ، މީ އަޅުގަނޑު ތިރަށަށް ދާ ފުރަތަމަ ފަހަރެއްވެސް ނޫނެއްނު” ނީލް ހުރިހާ ކަމެއްހެން ހަމަޖައްސާލިއެވެ. އަދި އަވަސް އަވަހަށް މި އުފާވެރި ޚަބަރާއިގެން ސަމީރާގެ ގާތަށް ދިއުމަށް ހިނގައިގަތެވެ.
އިންޓަރކަމް ރިންގުވުމާއިއެކު ޝަބާ އަވަސް އަވަހަށް ފޯނުގެ އަތްގަނޑު ނަގާ ކަންފަތުގައި ޖަހާލިއެވެ. އޭނާގެ އިންތިޒާރު ނިމުމަކަށް އައީއެވެ. އޮފީހުގެ ވެރިޔާ މާޖިދުގެ ކުރިމަތީ ޝަބާ އިށީނދެލައިގެން އިންއިރު މާޖިދުގެ އަތުގައި ވަނީ ޗުއްޓީ ދިންކަމުގެ ލިޔުމެވެ.
“އަސްލަމްގެ ކޮންދަރިއަކާތަ ޝަބާ އިނދެގެން ތިއުޅެނީ” އަތުގައި އޮތް ލިޔުން މޭޒުމަތީ ބާއްވާލުމަށްފަހު ސޮއެކުރާ ގަލަން ނަގަމުން މާޖިދު ސުވާލުކުރިއެވެ.
(ނުނިމޭ)