THEE QADAR DHEVE INSAANAKEE [PART 2]

“މީކާ، ޓޭކް މީ ޓު މައި ރޫމް…” ނުތަނަސްވެފައި އިން ނާއިލް މިހެން ބުނެލުމާއިއެކު އޭނަގެ ގާތުގައި އިށީނދެލައިގެން އިން މީކާ ތެދުވިއެވެ. ޝަބާއަށް ނާއިލްގެ ޒުވާން ރީތި އަޑުއިވުމާއިއެކު އިތުރަށް ކަންބޮޑުވިއެވެ. އޭނައަށް ކޮންކަމެއް ގޯސްކޮށް ކުރެވުނީބާއޭ ވަގުތުން ހިތަށް އެރީ ކީއްވެކަމެއް ނޭނގެއެވެ. ސަޓަނި ހަދާފައި ހުރި ތައްޓަށް ދިއްކޮއްލި އަތް ވަގުތުން ގެނެސް އުނގުގައި ބާއްވާލެވުނެވެ.

“ނާއިލް…” ސަމީރާއަށްވެސް ލިބުނީ ސިހުމެކެވެ. އެފަދަ އަދަބުކުޑަގޮތަކަށް މެހެމާނުންގެ ކުރިމަތީ ނާއިލް ކަންތައްކޮއްފާނެއޭ އޭނަ ހީވެސްނުކުރެއެވެ. އަސްލަމްއަށް މިމަންޒަރު ފެނިވަޑައިގެން އަވަސް އަވަހަށް ސަމީރާގެ އަތުގައި ހިފެހެއްޓެވިއެވެ. އަދި ލޮލުން އެކޮށްލެއްވި އިޝާރާތާއިއެކު ނާއިލް ކޮޓަރިއަށް ދިއުމަށް ދޫކޮއްލައްވާށޭ ސަމީރާގެ ގާތުން އެދިލެއްވިކަހަލައެވެ.

“ނާއިލްއަކީ ވަރަށް މަޑުމައިތިރި މީހުންނަށް ކުރިމަތިލާ މުޢާމަލާތު ކުރަން ފަސްޖެހޭ ކުއްޖެއް، އެހެންވެ ކޮޓަރިއަށް ދާންބޭނުންވީ” އަސްލަމް ބޭނުންވެލެއްވީ ދަރިފުޅުގެ ސަބަބުން ވަފިއްޔާމެންނަށް ހީވެދާނެ ހީއެއް ދުރުކޮއްލެވުމަށެވެ.

“އެއީ ތެދެއް، މީނދަ ޝަބާވެސް ބަލާބަލަ، ލަދުން އެއިންނަނީ ގޮނޑީގައި ބޭންދި ބުދެއްހެން، ރަނގަޅަށް ކައްޗޭ، މީ ހަމަ ތިދެމައިންނަށް ޚާއްޞަކުރެވިފައި ހުރި އެއްޗެހި” ސަމީރާވެސް އަވަސް އަވަހަށް އަސްލަމް އާއި އެއްބައިވެ ނާއިލްއަށް ހުއްޓެން އުޅުނު ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލަން އުޅުނެވެ.

“ކޮބާތޯ މުހައިމިން، ކީއްވެތޯ މުހައިމިން ތިދެމައިންނާއިއެކު ނުދުރުވީ” އަސްލަމް ހިނިތުންވެލުމާއިއެކު އެއްސެވިއެވެ.

“މުހައިމިނަށް ވަގުތު ނުވެގެން ނާދެވުނީ، އެކަމާ ވަރަށް ދެރަވެފަ ހުރީވެސް” ވަފިއްޔާ ބުނެލިއެވެ. އެއަޑު އަހަން އިން ޝަބާއަށް ލިބުނު ހައިރާންކަމާއިއެކު ވަފިއްޔާއަށް ބަލާލިއެވެ. އެމަންޒަރު ޝަބާގެ ކުރިމަތީގައި އޭނަގެ ހަރަކާތްތަކަށް ކަޅިއަޅާލަ އަޅާލައިން ޝަރުމީލާއަށް ފެނުނެވެ. އެއާއިއެކު ވަފިއްޔާ ބުނިއެއްޗަކަށް އޭނަވެސް ވިސްނާލިއެވެ.

“މަންމަ އެއްވެސް ފަހަރަކު ނުބުނޭ ބައްޕައަށްވެސް ދައުވަތު އެރުވިކަމަކަށް، އާން… އަހަރެން ވަރަށް ރަނގަޅަށް ހަނދާން އެބަހުރި، މަންމަ ބުނީ ސަމީރާމެން ބުންޏޭ ޝަބާ ގޮވައިގެން މެންދުރުގެ ކެއުމަށް ހުކުރު ދުވަހު އަނައްޗޭ، ބައްޕަ ބިޒީއެއްވެސް ނޫން، ގޭގަ މިގަޑީގަ އިންނާނީ ކާން، ދެން ކީއްވެ… މަންމަ ބައްޕައަށްވެސް އޮޅުވާލީތަ، ބައްޕަ އައުމުން މަންމައަށް ވާނެ ގެއްލުމަކީ ކޮބާ؟ އަހަންނަށް ޔަގީން ބައްޕަ ނުބުނާނެ މަންމަ އާއިދެކޮޅަށް އެއްވެސް އެއްޗެއް، ދެން ކީއްވެބާ” ވަފިއްޔާ ހެދީ ދޮގެއްކަން އެނގުމާއިއެކު ޝަބާގެ ސިކުނޑި ސުވާލުތަކުން ފުރުނެވެ. އޭނަގެ ބައްޕައަށްވެސް ދައުވަތު ދީފައިވާކަން މިއެނގުނީ އަދިކިރިޔާއެވެ.

ޝަބާއަށް ރަނގަޅަށް ހަމަޖެހިލައިގެން ކާކަށްވެސް ނުކެރުނެވެ. އޭނަގެ ކުރިމަތީގައި އިން ޝަރުމީލާއަށް ސިއްރުން ބަލާލިއިރުވެސް އޭނައިނީ ޝަބާއަށް ބަލަހައްޓައިގެންނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވި ވަގުތު ޝަރުމީލާ އަވަސް އަވަހަށް ހިނިތުންވެލީ ކަމެއް ފޮރުވާފަދަ ގޮތަކަށެވެ. ޝަބާވެސް ހިނިތުންވެލުމާއިއެކު އަވަހަށް އިސްޖަހައިފިއެވެ.

“ކާން ގެންނަން…” ނާއިލް ގެނެސް ކޮޓަރިއަށް ވެއްދުމަށްފަހު މީކާ އަހާލީ ހިތްހެޔޮ ކަމާއިއެކުއެވެ.

“ނޫން، ގިވްމީ އަ މިނެޓް” ނާއިލް މީކާއަށް މިހެން ބުނެލުމަށްފަހު މޫނު އަނބުރާލީ އޭނަގެ ނުތަނަވަސްކަން ފޮރުވާލުމަށްޓަކައެވެ. ޝަބާގެ ފަރާތުން އޭނަގެ މަންމައަށް ފެނުނީ ކޮންސިފައެއްބާއޭ ނާއިލްގެ ހިތަށް އޭރުވެސް އަރަމުންދިޔައެވެ. ޝަބާއަކީ އޭނަގެ ސުލޫކީ މިންގަނޑުތަކަށް ފެތޭވަރުގެ އަންހެން ކުއްޖެއްނޫނެވެ. ޒަމާނީ އެއްވެސް ގޮތެއް ޝަބާގެ ގައިގައިނެތުން ވީ ނާއިލް އޭނަގެ މަތިން ކުރިއަށްވުރެވެސް ބޮޑަށް ފޫހިކުރުވި ކަމަކަށެވެ. އެތަށް ފަހަރަކު މަންމަ ސަމީރާގެ ނިންމުމަށް ދެކޮޅުހަދާ ނޫނޭކޭ ބުނަން އޭނަގެ ހިތަށް އަރަމުންދިޔައެވެ.

ކާމޭޒުމަތިން އެންމެން އަވަދިވުމާއިއެކު ސަމީރާ އާއި އަސްލަމް ގޭގެ ބޮޑުކޮޓަރިއަށް ވަފިއްޔާމެން ގޮވައިގެން ނިކުތެވެ. އަދި ކުރިންވެސް އެމީހުން އެތަނުގައި މަޑުކޮއްލައިގެން ތިބި ސޯފާ ތަކުގައި އިށީނެވެ. އެމީހުންނާއި އެކު ގޭގެ ދެންތިބި މެންބަރުންވެސް އެތަނުގައި ތިއްބެވެ. އޭރު އެތަނުގައި ދުފަންވަނީ ތައްޔާރު ކުރެވިފައެވެ. ހުރިހާ ކަމެއްވެސް އެހާމެ ފުރިހަމައެވެ. މިކަންތައްތަކާއި ވަފިއްޔާ އިނީ ވަރަށް ހިތްހަމަޖެހިލާފައެވެ.

“ޝަބާއަށް އެނގޭތަ މިތަނުގައި މިތިބީ މިގޭގެ ޚާއްޞަ ހުރިހާ މެންބަރުން، މިހާރު ތީ މިގޭ ކުއްޖެކޭ” ސަމީރާގެ ކައިރީ ޝަބާ ބައިންދައިގެން އިނދެ އޭނާ ވާހަކަދެއްކިއެވެ.

“ސަމީރައްތާ، އަދި އެއްމެންބަރު މަދެއްނޫންތަ؟” ޝަރުމީލާ ހިނިއައިސްފައި އިނދެ ބުންޏެވެ.

“އެއީތެދެއް، ނީލްގެ މަތިން ހަނދާން ނެތުނީ މިތާ ފެންނަން ނެތީމަ، ޝަބާއަށް އެނގޭތަ، ނީލް ވަރަށް ބޭނުންވި ޝަބާ އާއި ބައްދަލު ކުރަން، އެކަމަކު ވަރަށް ދެރަ، ހަމަ ކުއްލިއަކަށް ޑުބާއީ އަށް އިއްޔެ ފުރަން އެޖެހުނީ… ޔަގީންނުވެސް އޭނަ އައީމަ ޝަބާ އާއި ބައްދަލު ކޮއްދޭނަން، ޝަބާ، ކަނާތް ފަރާތަށް މީނީ ނާއިލްގެ ކޮއްކޮ ނަވާލް، އޭނަ އާއި ޖެހިގެން އެއިނީ އޭނަގެ އަންހެނުން މޯނާ، ކުރިމަތީ މިއިނީ ޝަރުމީލާ، އަޅުގަނޑުގެ ކޮއްކޮ… އަސްލަމް، ހުރިހާ މެންބަރުންނާއި ޝަބާ ބައްދަލު ކޮއްދެވުނީއެއްނު، އަޅުގަނޑު ވަކިން ޝަބާ އާއި ވާހަކަ ދައްކާލަން ދުރަށް ގެންދިޔަސް އެންމެ ރަނގަޅު ތޯ” ސަމީރާ އަސްލަމްއަށް ބަލާލުމާއިއެކު އަހާލިއެވެ. އަސްލަމް ހިނިތުންވެލެއްވުމާއިއެކު ބޯޖަހާލީ ހުއްދަދެއްވުމުގެ ގޮތުންނެވެ.

“އަޅުގަނޑުމެން ދިޔަޔަސް އެންމެ ރަނގަޅު ތޯ” ނަވާލްއަށް އަނގައިން ބުނަން ނުކެރިފައި އިންދާ މޯނާ ވާހަކަދެއްކިއެވެ. ހަގީގަތުގައި އެމީހުންނަށް ޝަބާ ކަމަކުނުދެއެވެ. އެހެންވެ އެތަނުގައި މަޑުކުރަން ބޭނުންނުވަނީއެވެ. އެކަން އަސްލަމަށް އެނގިލެއްވީކަންވެސް ނޭނގެއެވެ. ވަރަށް ފަސޭހައިން އެކުދިންނަށްވެސް ހުއްދަދެއްވައިފިއެވެ. އަސްލަމް ވަފިއްޔާ އާއި ވާހަކަ ކުރިއަށް ގެންދެއްވިއިރު  ސަމީރާ ޝަބާގެ އަތުގައި ހިފައިގެން ގޭތެރެއަށް ހިނގައިގަނެއްޖެއެވެ.

އަތްފައި ފިނިވެފައި ހުރި ޝަބާ ނޭވާލަނީވެސް ސިއްރުންކަހަލަގޮތަކަށެވެ. ވަފިއްޔާ އާއި ވަކިން ސަމީރާ އޭނަ ގެންދިޔައީ ކީއްވެބާއޭ ހިތަށް އަރަމުންދިޔައެވެ. ސަމީރާގެ ހިތްހެޔޮ ކަމާއި ވާހަކަދެއްކުމުގައި ހުރި ރަޙުމަތްތެރިގޮތުންވެސް ޝަބާއަށް ލިބިފައިވާ ހާސްކަމެއް ފިލައިގެނެއް ނުދިޔައެވެ.

“އަސްލަމްއަކީ އަހަރެންގެ ފިރިމީހަށް ވީއިރު، މިގޭ ހުރިހާ އެންމެންވެސް އޭނަގެ ކުރިމަތީގައި ވާހަކަ ދައްކާނީ މާތްބަހުން، އެއީ އޭނައަށް ކުރާ ގަދަރެއްގެ ބޮޑުކަމުން… އަހަންނަށް އެނގޭ ޝަބާ މިގެއަށް އައީމަ މިގޭގެ ކަންތައްތައް ހުންނަގޮތް އޮޅުންފިލާނެކަން، ޝަބާ… އަހަރެންގެ ނާއިލް އާއި ކައިވެނި ކުރަން އެއްބަސްވީތީ އަހަރެން މިއަދު މިހިރީ ވަރަށް އުފަލުން، ޝަބާއަކަށް ނޭނގޭނެ ތިކޮއްދިނީ ކިހާ ބޮޑު ކަމެއްކަން، ތިކަމުގެ އަގު އަދާކުރާނީ ކިހިނެއްކަމެއްވެސް ސިކުނޑިއަށް ނުވިސްނޭ… އާދެބަލަ” ސަމީރާ ވާހަކަ ދައްކަމުން ކޮޓަރިއެއްގެ ކުރިމައްޗަށް ހުއްޓި ޝަބާގެ އަތުގައި ހިފާ މަޑުމަޑުން ދަމާލަމުން އެކޮޓަރިއަށް ވަނުމަށް އެދުނެވެ.

ލިބުނު ހައިރާން ކަމާއިއެކު އެކޮޓަރިއަށް ވަންނަންވެސް ޝަބާ ޖެހުލުންވިއެވެ. އެކޮޓަރީގެ ބޮޑު ކަމާއި ތަނަވަސްކަމުގެ އިތުރުން އެތަނުގައި ހުރި ފަރުނީޗަރާއި މުޅި ކޮޓަރި ފަރުމާކޮއްފައިވާލެއް ރީތިކަމާއި ފުރިހަމަ ކަމުންނެވެ. އެތަނުގައި ހުރި އެއްޗެހީގެ އަގު އޭނަގެ ހިތަށް ތަސައްވަރުވެސް ނުކުރެވޭނެކަން ޔަގީންވިއެވެ. ޝަބާއަށް ފެންނަމުން ދިޔައީ މުޅިން ތަފާތު އައު މާހައުލެކެވެ. ކޮޓަރީގައި ހުރި ލުއިލުއި މީރުވަހުން އޭނަގެ ހަށިގަނޑަށް ލިބިފައިހުރި ހަރުކަށިކަން ބަދަލުކޮއްލި ފަދައެވެ. މަޑުމަޑުން ފުންނޭވާއެއް އެތެރެހައްޓަށް ދަމާލުމާއިއެކު ކޮޓަރީގައި ހަރުލާފައި ހުރި މީރުވަހުން ލިއްބައިދިން އަރާމުކަން އިޙްސާސް ކޮއްލިއެވެ.

“އިށީނދޭ…” ކޮޓަރީގައި ހުރި ދެމީހަކަށް އިށީނދެވޭ ވަރުގެ ސޯފާއެއް ސަމީރާ ޝަބާއަށް ދައްކާލަމުން ބުނެލިއެވެ. ޝަބާ އިށީނުމާއިއެކު އެކޮޓަރީގައި ހުރި ރަނާ ހުދުން ފަރުމާކޮއްފައިވާ ބޮޑު އަލަމާރިގެ ދޮރުފަތެއް ސަމީރާ ހުޅުވާލިއެވެ. އަދި އަލަމާރިތެރެ ހޭވުމަށްފަހު ފެހިކުލައިގެ މަހުމާ ދިގު ފޮއްޓެއް ނަގާ އަލަމާރީގެ ދޮރުފަތް ލައްފާލިއެވެ. ޝަބާއަށް ސަމީރާ ކުރަން އުޅޭކަމެއް ނޭނގިފައި އޭނަގެ ހަރަކާތްތަކަށް ބަލަންއިނީ ވަރަށް ވިސްނައިގެންނެވެ. ހަމައެވަގުތު އުނގުގައި ބާއްވާލައިގެން އިން އަތްދަބަހުގެ ތެރެއިން ފޯނު ރިންގުވިއެވެ. އެއަޑަށް ސަމީރާވެސް ބަލާލިއެވެ.

“ފަހުން ގުޅާނަން” ހާސްވެ ކަންބޮޑުވެފައި އިން ޝަބާ ސަމީރާއަށް ބަލާލުމަށްފަހު ފޯނުނަގާ  ކަންފަތުގައި ޖަހާލަމުން ބުނެލިއެވެ. އަދި އަވަސް އަވަހަށް ފޯނު ނިއްވާލުމާއިއެކު އަތްދަބަހުގެ ތެރެއަށް އޭތި ކޮއްފާލައިފިއެވެ.

“ގެއިންތަ ގުޅީ” ސަމީރާ ޝަބާގެ ގާތުގައި ސޯފާގައި އިށިންނަމުން އަހާލިއެވެ. ވާހަކަދައްކަން ނުކެރިފައި އިން ޝަބާ މަޑުމަޑުން ދެފަރާތަށް ބޯހޫރާލީ ނޫނެކޭ ބުނުމަށެވެ.

“މީ އަހަރެން ޝަބާއަށް ދޭ ކުޑަކުޑަ ހަދިޔާއެއް، ނޫނެކޭ ނުބުނައްޗޭ، ތީ މިހާރު އަހަރެންގެ ދަރިއެއްފަދަ ކުއްޖެއް، އަހަރެންގެ ޅީދަރިއަކަށްވުރެ އަމިއްލަ ދަރިއަކަށް ވާންއުޅޭހެން އިޙްސާސް ކުރެވެނީ” ސަމީރާ އޭނަގެ އަތުގައި އޮތް ފެހިކުލައިގެ ދިގު ފޮށި ޝަބާގެ އަތުގައި ހިފަހައްޓާލުމާއިއެކު އެއަތުގެ ތެރެއަށް ލާދީފިއެވެ.

“ހުޅުވާ ބަލާލަބަލަ، ޝަބާއަށް ކަމުދޭތޯ ބަލާލަބަލަ…” ސަމީރާ ހިނިއައިސްފައި އިނދެ މިހެން ބުނެލުމުން ޝަބާ މަޑުމަޑުން އެފޮށި ހުޅުވާލިއެވެ. އޭގައިވަނީ ރަންކުލައިގެ ހަތަރުގަނޑު ތަނޑިއެވެ. އެފެނުމުން އިތުރަށް ޝަބާ ހާސްވާގޮތްވިއެވެ. އޭނައަށް ސަމީރާގެ ހަދިޔާ މާއަގުބޮޑުވިއްޔެވެ. އެފަދަ އަގުހުރި އެއްޗެއްގައި ހިފަން ޖެހިލުންވީއެވެ. ސަމީރާމެން އަދިވެސް އޭނަގެ ފަރާތުން ބޭނުންވަނީ ކޮންކަމެއްކަން އޭނައަށް ޔަގީން ނުވާކަހަލައެވެ.

“ކިހިނެއްވީ، ކަމުނުދަނީތަ؟ މީ އަހަރެންގެ ނާއިލްގެ އަންހެނުންނަށް، ޚާއްޞަކޮށް ޝަބާއަށްޓަކައި ޑުބާއީން ތައްޔާރުކޮއްގެން ގެނައި ހަތަރު ގަނޑު ތަނޑި، އެތަނުގެ ރަނުގަ ހަދާފަ، އަހަންނަށް އެނގޭ ޝަބާއަށް އެހާ ގޮތްބޮޑުވީމަ ކަމަކު ނުދާނެކަން، އެހެންވެ ތިހާ އާދައިގެ ގޮތަކަށް ތަނޑިތައް ހަދާފައި ތިވަނީ، އެހެންވިޔަސް ޝަބާއަށް ކަމުނުދަންޏާ ބުނައްޗޭ” ސަމީރާ ވާހަކަދެއްކީ މަޔަކު ދަރިއަކާއި ވާހަކަ ދައްކާނެހާ އޯގާތެރިކަމާއިއެކުއެވެ.

“ޝުކުރިއްޔާ… ވަރަށް ރީތި…” ހިތްވަރުކޮއްފައި ޝަބާ ސަމީރާއަށް ހިނިތުންވެލާފައި ބުނެލިއެވެ. އަދި އޭނަގެ ދެއަތަށް ބަލާލެވުނީ އެދެއަތުގެ ހުސްކަން ފާހަގަކުރެވިފައެވެ. އެއަތުގައި އެފަދަ ތަނޑިއެއް ދުވަހަކުވެސް ނާޅައެވެ. އެންމެ ކުޑަމިނުން ފައިގައި ކެވެލި ކޮޅެއްހާ ހިސާބުވެސް ނޯވެއެވެ. ކަރުގައި އޮންނަ ރަންފަށް ފިޔަވާ އޭނައަކީ ރަނާ ރިހީގެ ގަހަނާ ބޭނުންކުރާ އަންހެން ކުއްޖެއްނޫނެވެ. ޖަވާހިރަކީ ކިހިނެއް ހުންނަ އެއްޗެއްކަންވެސް އެނގުނީ ރާއިދު އާއި ކައިވެނި ކުރި ރޭގައި އޭނަގެ ކަށިއިނގީލީގައި ރާއިދު އަލިމަސްޖެހި އަނގޮޓިއެއް އަޅުވާ ދިނުމުންނެވެ. އޭނަގެ އަތުގައި އޮތް އެންމެ އަގުބޮޑު ހަދިޔާއަކީވެސް އެއީއެވެ. ޝަބާއަކީ ސަމީރާމެންގެ އާއިލާއަށް އަންނަން އެންމެ އެކަށީގެންވާ ކުއްޖާ ނޫންކަން ހުދު އޭނަގެ އަމިއްލަ ޒަމީރުވެސް އެއްބަސްވިއެވެ. ސަމީރާގެ އެހަދިޔާގެ ސަބަބުން އޭނަގެ ފެންވަރު އޭނައަށް ހަނދާންވަނީ ކީއްވެކަމެއް ނޭނގެއެވެ. އެފަދަ އަގުބޮޑު ހަދިޔާ ބޭނުންނުވާނީ ކާކުހެއްޔެވެ.

“އޭރުވެސް އަހަރެންގެ ހިތްބުނި ޝަބާއަށް މިތަނޑިތައް ކަމުދާނެކަން، އަހަރެން ބޭނުންވަނީ ނާއިލް އާއި ޝަބާގެ ކައިވެނި ވީހާވެސް އަވަހަކަށް ކުރަން، ކުރިއަށް މިއޮތް ހަފްތާތެރޭގަ ހުރިހާކަމެއް ތައްޔާރުކުރާނަން، ނާއިލް މިއަދު ކަންތައްކުރި ގޮތުން ޝަބާ ދެރަނުވައްޗޭ، ތިދެކުދިންގެ ކައިވެނި ކުރެވުމުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ… ކައިވެނި ކުރެވޭނެ ތާރީޙެއް މިރޭ ކަނޑައަޅާނަން، މީ އަސްލަމެގެ ވަރަށް ބޮޑު ހުވަފެނެއް، އަސްލަމްވެސް އެދިލެއްވީ ކައިވެނި ވީހާވެސް އަވަސްކުރެއްވުމަށް، ނާއިލް އާއި ޝަބާ ވާހަކަދައްކާލަން ބޭނުންތަ؟ ހިނގާ މަންމަ އާއިއެކު، އާން… މިއަދުން ފެށިގެން މީވެސް ޝަބާގެ މަންމައެއް، ދުރުހިލޭ މީހުންގޮތަށް ތިހާ ބީރައްޓެހިކޮށް ނުހުރެބަލަ، ހިނގާ މަންމަ އާއިއެކު ނާއިލްގެ ކޮޓަރިއަށް” ސަމީރާ ސޯފާއިން ތެދުވިއެވެ. ޝަބާގެ އަތް ކުރިއަށްވުރެވެސް ފިނިވެގެންދިޔައެވެ. ނާއިލް އަކީ އޭނަގެ ވާންއުޅޭ ފިރިމީހާއެވެ. ނާއިލްގެ ކުރިމައްޗަށް ދާނެހާ ހިތްވަރެއް އޭނަގެ ނެތެވެ. ދިޔަޔަސް ދައްކާނީ ކޮންވާހަކައެއްހެއްޔެވެ. އޭނަގެ ކައިރީގައި ފުރޮޅުލީ ގޮނޑީގައި އިންމީހަކީ އޭނަގެ ވާންއުޅޭ ފިރިމީހާކަން ޝަބާގެ ހިތަށް އެރުމުން ނޭނގޭ ބިރުވެރިކަމެއް އިޙްސާސް ކުރެވެންފެށިއެވެ. ނަމަވެސް ސަމީރާ އޭނަގެ އަތުގައި ހިފާލުމުން ދެކޮޅު ހަދާކަށް ނުކެރުނެވެ. ޗާބީދީފައި ހުރި ބުދެއްހެން ޝަބާ ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން ސަމީރާ އޭނަ ގެންދާ ދިމާލަކަށް ހިނގަމުންދިޔައެވެ.

ނާއިލްގެ ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހާލުމުން އޭނަ ހައިރާންވިއެވެ. އެކޮޓަރިއަށް ވަނުމަށް މީހަކު ދޮރުގައި ޓަކިޖަހައި ހުއްދަ ހޯދިފަހުން އެތަށް އަހަރެއް ފާއިތުވެއްޖެއެވެ. އޭގެ ފަހުން ކޮންމެ މީހަކުވެސް އައިސް ދޮރުހުޅުވާލާފައި ވަންނަނީއެވެ. ހައިރާންވެފައި ނާއިލް އޭނާގެ އެނދުގައި އޮވެ ކޮޓަރިއަށް ވަނުމުގެ ހުއްދަދިނެވެ.

“މަންމަ… ޓަކިޖެއްސެވީތީ…” ހައިރާންކަމާއިއެކު ނާއިލް ވާހަކަދައްކަން ފެށުމުން އެކަން ހުއްޓުވީ ކޮޓަރި ދޮރުގައި ހިފަހައްޓާލައިގެން ކުޑަކޮށް އެތެރެއަށް ވަދެހުރި ސަމީރާއެވެ.

“ދަރިފުޅާ ބައްދަލުކުރުވަންވެގެން މަންމަ މިއަދު ޝަބާ މިގެއަށް ގެނައީވެސް، ކާމޭޒު ދޮށުގައިވީކަންތައް ހަނދާންނައްތާލާފަ، ދަރިފުޅާ ބައްދަލު ކުރަން ޝަބާ ގޮވައިގެން މަންމަ މިއައީ” ސަމީރާ ހިނިއައިސްފައި ބުނެލިއެވެ. ނަމަވެސް ނާއިލްގެ މޫނުމަތިން ފެނިގެންދިޔައީ ސަމީރާއަށް އެވަގުތު ފެނިގެން ހިނގައިދާނެކަމަށް އުއްމީދުކުރެވުނު ކުލަވަރެއްނޫނެވެ. ނާއިލްގެ ދެބުމަގޮއްޖާލިގޮތާއި ތުންފަތަށް އެގެނައި ހަރަކާތުން އޭނަ ޝަބާ އާއި ބައްދަލުކުރަން ބޭނުން ނުވާކަން ސަމީރާއަށް ވަގުތުން އެނގުނެވެ.

“ނާއިލް…” ސަމީރާ ކަންބޮޑުވެފައި ނާއިލްގެ ނަމުން ގޮވާލިއެވެ.

“އަޅުގަނޑަކަށް ނުކެރޭނެ ޝަބާ އާއި އެކަނި ވާހަކަ ދައްކާކަށް” ނާއިލް އޭނަގެ މަންމަގެ ހިތްހަމަ ޖެހުމަށްޓަކައި ދޮގެއްހަދާލިއެވެ. ސަމީރާގެ މޫނުމަތިން ފެނުނު ނުތަނަވަސްކަން ވަގުތުން ފިލައިގެން ގޮސް ތުންފަތަށް ލާނެތް ހިނިތުންވުމެއްވެރިއެވެ.

“ދަރިފުޅު ފިރިހެން ކުއްޖަކަށްވެ ހުރެވެސް ތިހާ ލަދުގަންނަންތަ؟ ފިރިހެން ކުދިން ވަރަށް ހިތްވަރު ގަދަވާނެ… ދެން މައްސަލައެއްނެތް، ދަރިފުޅާ ޝަބާ އާއި ބައްދަލުވިކަން އޮންނާނެ އެއްނު، މަންމަ ޝަބާ ދޮރުމައްޗަށް ގެންނަންތަ؟” ސަމީރާ ހަމަޖެހުނުކަން އެނގުމުން ނާއިލަށް އޭނަ ހެދި ދޮގު ސަމީރާ ބަލައިގަނެފިކަން ޔަގީންވިއެވެ. އިތުރަށް ސަމީރާއަށް އެއްވެސް ކަމެއް ޝައްކުނުވަނިސް ނާއިލް ބޯޖަހާލިއެވެ. ސަމީރާ އެކޮޓަރީގެ ދޮރުކައިރީ ކޮޓަރި ނުފެންނަހެން ހުއްޓިލައިގެން ހުރި ޝަބާއަށް ބޮލުން އިޝާރާތްކޮއްލީ އަންނާށޭ ބުނާފަދަ ގޮތަކަށެވެ. ހާސްވިވަރުން ތުންފަތުގައި ދަތްއަޅާލެވުނު ޝަބާ މަޑުމަޑުން އައިސް ނާއިލްގެ ކޮޓަރި ދޮރުމައްޗަށް ހުއްޓުނެވެ.

“ޝަބާ، މީ ނާއިލް، ނާއިލް، މީ ވަފިއްޔައްތަގެ ޝަބާއަކީ… ދަރިފުޅުގެ ވާންއުޅޭ..” ސަމީރާ ސަމާސާ ކޮއްލަން އުޅުމުން ނާއިލް ދެލޯބޮޑުކޮއްލިއެވެ. ޝަބާ ލަދުވެތިކަމާއިއެކު ކޮޓަރީގައި ހުރި އެނދުގައި އޮތް ރީތި ބޮޑު ޒުވާނާއަށް އަވަސް ނަޒަރެއްދިނެވެ. ނާއިލް އާއި ޝަބާގެ މެދުގައި އަވަސް ހިނިތުންވުމެއް ބަދަލުކުރެވިގެންދިޔައެވެ. އެއަށްފަހު ޝަބާވެސް އަވަސް އަވަހަށް އިސްޖަހާލީއެވެ. މިމަންޒަރު ބަލަން ހުރި ސަމީރާ ކުޑަކޮށް ހީނލާފައި ނާއިލްގެ ގާތު ދެން ދަނީ ކަމުގައި ބުނެ އެކޮޓަރީގެ ދޮރު ލައްޕާލިއެވެ.

ޝަބާއަށް ގެއަށް އާދެވުނީ މެންދުރުފަހު ތިނެއްޖަހަން އުޅެނިކޮށެވެ. ގެއަށް ވަދެވުނު ގޮތަށް ޝަބާ ކުރިމަތިލީ ވަފިއްޔާ އާއިއެވެ.

“މަންމަ ކީއްވެތަ ބައްޕަ ގާތު ނުބުނީ؟ އެމީހުން ބައްޕަ ކޮބާތޯ ސުވާލު ކުރީމަ އެވަރުގެ ބޮޑު ދޮގެއް ހެދީ ކީއްވެގެން، ބައްޕަ ދިޔަޔަސް…” ޝަބާއަށް ހުއްޓުންއެރީ ވަފިއްޔާގެ އަތްތިލަ ފެނިފައެވެ. ވަފިއްޔާ އޭނަގެ އަތުން އިޝާރާތްކޮއްލި ގޮތުން ދެން ހުއްޓާލާށޭ ބުނެލިކަހަލައެވެ.

“އޯ ނޯ…” ސިޓިންރޫމުގައި އިން ޝިހާނާއަށް އެމަންޒަރު ފެނުމާއިއެކު ބުނެލިއެވެ. ޝަބާއަށް އެތަނުގައި އޭނަގެ ކޮއްކޮ ޝިހާނާއިންކަން އެނގުނީވެސް ދެނެވެ.

“ޝަބާގެ ބައްޕަގެ ގޮތް އެނގޭނީ އަހަންނަށް، އަހަރެން އޭނަ އެގެއަށް ގެންދަން ބޭނުންނުވީމަ ނުގެންދިޔައީ، އެއީ ޝަބާއާއި ބެހޭކަމެއްނޫން، އިތުރު ވާހަކަ ނުދައްކާ ދެން ދޭ… ސަމީރާމެން ވަރަށް އަވަހަށް ގުޅާނެ، މިހަފްތާ ތެރޭ ހުރިހާކަމެއް އެމީހުން ނިންމާނެ، ބަލަ ޝަބާއަށް ރަނގަޅު ގޮތެއް ވޭތޯއޭ މަވެސް މިއުޅެނީ، އެގެއަށް ދިޔައީމަ ޝާބާއުޅޭނީ ރާނީއެއްހެން” ވަފިއްޔާ ވާހަކަދެއްކިއެވެ.

“އޯ ސީރިއަސްކޮއްތަ…. މަންމާ، ތުއްތަ މެރީ ކުރަނީތަ” ގޭތެރޭގައި ހިނގާ ކަންތައްތަކަށް މާބޮޑު ފަރުވާލެއް ނުހުންނަ ޝިހާނާ ވަފިއްޔާގެ ވާހަކަ އަޑުއިވުމުން ބުންޏެވެ.

“އާން، އެކަންވޭތޯ މިއުޅެނީ، އެކަމަކު މީނަ ހީވަނީ ރަނގަޅުގޮތެއްވެދާނެތީ އުޅޭހެން” ވަފިއްޔާ ޝަބާއަށް ބަލާލަމުން ބުންޏެވެ. ޝަބާ ރުޅިއައިވަރުން އެތަނުގައި ހުންނަން ބޭނުންނުވީއެވެ. އެހެންވެ ރުޅިވެރި މޫނު އަނބުރާލުމާއިއެކު އަވަސް ހިނގުމުގައި ގޭން ނުކުމެގެން ހިނގައްޖެއެވެ.

“ހޭ ޝަބާ، ތި އައީތަ… އަހަންނަށް ގުޅުނީ ވަރަށް ނުބައި ގަޑިއެއްގަ ދޯ، ފޯނު ކަނޑާލި ގޮތުންވެސް ހީވިޔޭ” ނީރާ މެންގޭ ތެރެއަށް ވަދެގެން އައި ޝަބާ ފެނުމާއިއެކު ނީރާ ފުންމައިގެން ތެދުވެ ވާހަކަދައްކަން ފެށިއެވެ. ޝަބާ މަޑުމަޑުން ބޯޖަހާލީ އާނއެކޭ ބުނުމަށެވެ.

“އަނބުކާންވީނު، މަންމަގެ ރަޙުމަތްތެރިއަކު މިއަދު ގެނެސްދިން އަނބުކޮތަޅެއް، ފެނުނީމަ ކާލާހިތްވީ، ކޮބާ ކިހިނެއްތަ ކަންތައްތައް ހުރީ އެގޭގަ، ސަޅިތަ އޭނަ” ނީރާ ޝަބާގެ އަތުގައި ހިފާލުމާއިއެކު ގޭގެ ދޮރޯށިން ވަންނައިރު އޮންނަ ހުސްތަންކޮޅުގައި ބަހައްޓާފައި ހުރި ޖޯލިފަތީގައި އިށިންނަމުން ޝަބާ އާއި ވާހަކަދެއްކިއެވެ.

“ވަރަށް ފޫހިވޭ…” ޝަބާ މިހެން ބުނެ ނީރާއަށް ހުރިހާ ވާހަކައެއް ކިޔާދިނެވެ.

“ނާއިލް، ކީއްވެތަ އޭނަ ނުހިނގޭމީހުން އިންނަފަދަ ފުރޮޅުލީ ގޮނޑިއެއްގަ އިނީ، އޭނަގެ މަންމަ ނުބުނޭތަ، ޝަބާ ނާހަންތަ” ހުރިހާ ވާހަކައެއް އަޑުއަހަން އިން ނީރާ ސުވާލުކުރިއެވެ.

“ނޭނގެ، އެގޭ އެކަކުވެސް އެވާހަކައެއް ނުދައްކާ، އެމީހުންނަށް އެކަން ފާހަގަ ކުރެވޭހެނެއް ހިޔެއްނުވޭ، އަހަންނަށް ވަކި ކެރޭތަ އެކަހަލަ ސުވާލެއް އެމީހުންނާ ކުރަން، އަހަރެން އިނީ ޗުއްޕުވެސް ބުނަން ޖެހިދާނެތީ ނުލާހިކު ކަންބޮޑުވެފަ، ފަހަރެއްގަ ވެދާނެ އޭނަ އެކްސިޑެންޓެއް ވީކަމަށް، …ބަލާބަލަ، މިއޮތީ އޭނަ މަންމަ ދިން އެއްޗަކީ، އަހަރެން ގެއަށް ދިޔަގޮތަށް ރުޅިއައިސްގެން ނުކުމެގެން މިއައީ، އެހެންވެ ދަބަހަށް ލީގޮތަށް މިއޮތީ، ނީރާއަށް ފެންނަން ވެގެންވެސް ކަންނޭގެ، އަހަރެން ހަނދާންމިވީ ހަމަ ދެންމެ” ޝަބާ އޭނަގެ އަތްދަބަހުން ސަމީރާ ދިން ފެހިކުލައިގެ މަހުމާ ފޮށިނެގިއެވެ.

“ވާ… ހާދަ ރީއްޗޭ، ޝަބާއާ ވަރަށް ގުޅޭ، ނާއިލްގެ މަންމަ ޝަބާގެ ހިތްރުއްސަން ހާދަވަރެކޭދޯ މިކޮއްލީ” ނީރާ ސަމާސާ ކޮއްލުމާއިއެކު ހީނލިއެވެ. ޝަބާވެސް ފާޑަކަށް ހިނިތުންވެލާފައި ނީރާގެ ކޮނޑުގައި އަތްއަޅާ ކޮއްޕާލިއެވެ.

“ނީރާ، އަހަރެން ވަރަށް ބިރުގަނޭ މިކައިވެނި ކުރަން” ޝަބާ ސީރިއަށްވެލާފައި ބުނެލިއެވެ.

“ބިރުގަނެޔޭ، ކޮންކަމާ ބިރުގަންނަނީ، މީ ޝަބާ އަލަށް ކުރާ ކައިވެންޏެއްވެސް ނޫނެއްނު، ހުރިހާކަމެއްވެސް އޮންނަނީ އޯލްޑް ސްކޫލް ގޮތަށް، އެއްވެސް ކަމެއް ބަދަލެއް ނުވޭ” ނީރާ އޭނަގެ އަތުގައި އޮތް ފޮށި ލައްޕާލުމަށްފަހު ޝަބާއަށް ދިއްކޮއްލަމުން ބުނެލިއެވެ.

“ދެން ނޭނގެ، އަހަރެންގެ ހިތްއަވަސް ވަނީ، އަހަރެންގެ ހިތްބުނަނީ ނާއިލް އަހަންނާ ކައިވެނި ކުރާކަށް ބޭނުމެއް ނުވެޔޭ، އަނެއްކާ އޭނަވެސް މަޖުބޫރުވެގެންތަ ކައިވެނި އެކުރަނީ، ހަފްތާއެއްގެ ތެރޭ އަހަރެންގެ ކައިވެނި ކުރެވޭނެ، އެއީ ހާދަ ކުރުމުއްދަތެކޭ، އެހާ އަވަހަށް ކައިވެނި ކުރާއިރު އަހަރުމެން ދެމީހުން އެކަކު އަނެކަކަށް ދަސްވެސް ނުވާނެ، ކައިވެނި ކުރުމުން އަހަރެންނަކީ މީހެއްގެ އަންބަކަށްވެގެންދާނެ، ދެމަފިރިން އުޅެންޖެހޭ ގޮތަށް އަހަންނަށް އުޅެން ޖެހޭނެތީ އެންމެ ކަންބޮޑުވަނީ، ނީރާއަށް އެނގެއެއްނު، އަހަރެން އެންމެ ފުރަތަމަ އެފަދަ ގާތް ގުޅުމެއް ބޭއްވި ހަމައެކަނި މީހަކީ ރާއިދުކަން… ދެން ކިހިނެއް” ޝަބާ މާޔޫސްކަމާއިއެކު އިސްޖަހާލިއެވެ.

“ތީއޭ ޝަބާގެ މައްސަލައަކީ، އެހާ ވަރަށް ނުވިސްނަބަލަ، ހުރިހާ ކަމެއްވެސް އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ، ވަގުތު ޖެހުނީމަ ޝަބާ ތިހާސްވާ ކަންތައްވެސް ވެނިމިދާނެ، އެހުންނަނީ އެހެންހުންނަ ކަންތައްތައް، އަހަންނަށް ހިޔެއްނުވޭ އެވަގުތު ޝަބާއަށް އެހެންކަމަކާ ވިސްނާނެހާ ވަގުތުވާނެހެނެއް” ނީރާ މިހެންބުނެ ހޭންފެށީ ޝަބާ އާއި ދިމާކޮއްލާފަދަ ގޮތަކަށެވެ.

“ނީރާ ޕްލީޒް، މަޖަލަކަށް ނޫނޭ މިހެން މިބުނީ” ޝަބާ ކަންބޮޑުވެފައި އިނދެ ނީރާގެ އަތުގެ މުލައްދަނޑީގައި ދެއަތުން ހިފާ ތަޅުވައިގަތެވެ. އޭނަގެ ހާސްކަމާއި ކަންބޮޑުވުން ނީރާއަށް ވިސްނައިދޭން އުޅޭކަހަލައެވެ.

“އޯކޭ، ޝަބާ ތިބުނާ އެއްޗެއް އަހަންނަށް ވިސްނިއްޖެޔޭ، އެކަން ގަބޫލުވެސް ކުރަން، ތިއެއްނޫނޭ، އަހަރެންވެސް އެބައޮތް ވާހަކައެއް ދައްކަންވެފަ، އަހަންނަށް ސްކޮލާޝިޕް ލިބިއްޖެ” ނީރާ ކުރިއަށްވުރެވެސް ބޮޑަށް ހިނިތުންވެލަމުން ބުނެލިއެވެ.

“އަސްލުވެސްތަ، ކޮންއިރަކު ހަމަޖެހުނީ، އެކަމަކު ދެން ނޫން، އަހަރެން މެރީ ކުރާއިރު ނީރާ ނުހުންނާނެ ދޯ” ޝަބާ ތުންފަތަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ.

“ރަނގަޅީ އަހަރެން މަޑުކުރިއްޔާތަ، އެކަމަކު ސްކޮލަރޝިޕްއަކީ ކޮންމެ ކޮންމެ މީހަކަށް ލިބޭނެ ޗާންސްއެއްނޫނެންނު، މި ކޯހަށް އަހަރެން ޑްރީމް ކުރާތާ ކޮންދުވަހެއް، ޝަބާއަށްވެސް އެނގޭނެ” ނީރާ ބުނެލިއެވެ.

“ހޫމް، އެކަން އެނގޭ، ދެރަވީ އަހަރެންގެ ކައިވެނި ކުރެވޭ ދުވަހު ނީރާ އަހަރެންގެ ކައިރީ ނުހުރެދާނެތީ، އަހަރެންގެ އެންމެ ބޮޑު ހިތްވަރަކީތީ، ނީރާ އަހަރެންގެ ގާތު ހުރެއްޖެނަމަ ކުރަން މިއުޅޭ ކައިވެންޏާއި ކުރިމަތިލާނެ ހިތްވަރު ލިބޭނެކަން ޔަގީން، އެހެންނޫނީ މަންމަ އާއި ހެދިވެސް އަހަރެންގެ ބޯފަޅައިގެން ހިނގައިދާނެ” ޝަބާ އެއްފަރާތަކަށް ކުޑަކޮށް އެނބުރިލީ ނީރާ އާއި ކުރިމަތިލުމުގެ ބޭނުމުގައެވެ.

“މައި ޑިއަރ ޑިއަރ ފްރެންޑް، އެވަރުގެ ދޯކާއެއް އަހަންނެއްވެސް ނުދޭނެއެއްނު، އެނގޭތަ… ދެހަފްތާ ފަހުން ފުރުން އޮތީ، ކުރިންވެސް ހަމަޖެހިފަ އިންކަން އެނގޭ، އެކަމަކު ރަސްމީކޮށް ނާންގާތީ އެވާހަކަ ނުދައްކަން މިހުރީ، ޝަބާގެ ކައިވެނި ކޮއްދީފަ ނޫނީ މަށެއްނުފުރާނަން، އެގޮތް އެންމެ ރަނގަޅެއްނު” ނީރާ ހެވިލާފައި ޝަބާގެ ފައިގާ ޖަހާލަމުން ބުނެލިއެވެ. ދެކުދިންގެ މޫނުމަތިންވެސް އުފާވެރިކަން ފާޅުވެގެންދިޔައެވެ. އެވަގުތު ޝީރީން މައިގެއިން ބޭރަށް ބޯދިއްކޮލީ ދެމީހަކު މާއޮލަވާހަކައެއްގައި ތިބިއަޑުއިވިގެންނެވެ.

“ދަރިފުޅު ޝަބާ އެތެރެއަށްވެސް ނުވައްދަންތަ، ބޭރު ޖޯލީގަ ބައިންދާފަ އެބައިން، ޝަބާ، ކޮބާ މަންމަ، ހުރިހާ އެންމެގެ ހާލު ރަނގަޅުތަ” ޝީރީން ހިތްހެޔޮކަމާއިއެކު އަހާލިއެވެ. ނީރާ ކޮންމެވެސް އެއްޗެއް ބުނެ ޝީރީން ހަމަޖައްސާލުމަށްފަހު ގޭތެރެއަށް ފޮނުވާލިއެވެ. އަދި އެދެކުދިންގެ ވާހަކަ ޖޯލިފަތީގައި ތިބެ ކުރިއަށްގެންދިޔައެވެ.

މުހައިމިން އަސުރު ނަމާދަށް ދިޔޮގޮތަށް ގެއަށް އައީ ފަހެއްޖަހަން އުޅެނިކޮށެވެ. ގެއަށް ވަދެވުނުއިރު ވަފިއްޔާ އާއި ޝިހާނާ އާއި ދެމައިން ހީ ހީފައި ޓީވީ ބަލަން ތިއްބާ ފެނުނެވެ. ސިޓިން ރޫމަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު މުހައިމިންގެ ލޯވެސް އަމާޒުވެގެން ދިޔައީ ޓީވީ އާއި ދިމާލަށެވެ.

“މިއަދު ދެމައިންވެގެން ޓީވީ ބަލާދުވަހެއްތަ” މުހައިމިން ބުނެލިއެވެ.

“ބައްޕާ، ތުއްތަ އަނެއްކާވެސް މެރީ ކުރަނިއްޔޯ” ޝިހާނާ އަވަހަށް އޭނައަށް އަޑުއިވުނު ޚަބަރު މުހައިމިންގެ ކަންފަތާއި ހަމައަށް ފޯރުކޮއްލިއެވެ.

“ހުރިހާ ކުދިންވެސް ކައިވެނިކުރަންވީ، ޝިހާނާ ކޮންއިރަކުތަ ކައިވެނި ކުރަނީ، ތިހެން އަބަދު ބޭރުގަ އުޅޭކަށް ނުވާނެއެންނު” މުހައިމިން އެކަކަށް އިށީނދެވޭ ގޮތަށް ހުރި ސޯފާގައި އިށިންނަމުން ބުންޏެވެ.

“ދެން ބައްޕާ، އަހަރެން މީހަކާ އިންނަންވީމަ އިންނާނަން، އެއަށްވުރެ ތުއްތަ މާ ކުރީގައެންނު އެއުޅެނީ، ވަރިވިތާ ގިނަދުވަހެއްނުވަނީސް މިއަދު މިއެނގުނީ އަނެއްކާ ދެވަނަ ކައިވެންޏެއް ކުރަން އުޅޭކަން، މަންމަ ބުނި ތުއްތަ ދެން އުޅޭނީ ރާނީއެއްހެންނޯ” ޝިހާނާ ވަފިއްޔާ ބުނިއެއްޗެއް ގަބޫލު ނުކުރާ ގޮތަކަށް ބުނެލިއެވެ.

“ކީއްތަވީ، ކަލޭ ތި ރައްޓެގިވެގެން އުޅޭ ޒޫކްއެއްތޯ ޒީކްއަކަށްވުރެ ޝަބާ އިންނަން އެއުޅޭ މީހާ މާރަނގަޅު، އެއީ ރަނގަޅު އާއިލާއެއް، މީހުންގެ ލޯތްބާއި ގަދަރު ލިބިފައިވާ ބައެއް، ޝަބާ ނުޖެހޭނެ މިހާރު އެއުޅޭހެން ވަޒީފާއަށް ގޮސް މީހުންގެ ތައްޕަހުގަ އުޅޭކަށް، މަށަށް އެކަން ޔަގީންވާތީއޭ މަބުނީ އޭނަ އެކައިވެނި ކޮއްގެން އުޅޭނީ ރާނީއެއްހާ އިއްޒަތުގައޭ، އެހާ ފެންވަރުގަ ގެންގުޅޭނެ ވަރުގެ ފިރިއެކޭ އަހަރެން އޭނައަށް މިހޯދާ ދިނީ” ވަފިއްޔާ އަމިއްލަ ނިންމުމާއިމެދު ފަޙުރުވެރިވާފަދަ ގޮތަކަށް މޭފުއްޕާލާފައި ބުންޏެވެ. މިމަންޒަރު ބަލަންއިން މުހައިމިން ފުންނޭވާއެއް ބޭރުކޮއްލީ ކުރާނެކަމެއްނެތޭ ހީކޮއްލާފައެވެ. އޭނަ ސަމީރާމެން ބުނިއެއްޗެއް އޮޅުންފިލުވުމުގެ ގަސްދުގައި ވަފިއްޔާ އާއި ސުވާލުކުރިއެވެ.

ރޭގަނޑުގެ ކެއުމުގައި ޢާއިލާގެ ހުރިހާ މެންބަރުން ބައިވެރިވިއެވެ. އަސްލަމް ގެ ނަޒަރު ހުއްޓާލައްވައިގެން އިނީ ދޮށީދަރިފުޅު ނާއިލްއަށެވެ. ކައިވެނީގެ ވާހަކަ ކާމޭޒުމަތީ ދެކެވެމުންދިޔައިރުވެސް ނާއިލްގެ ހިޔާލެއް ފާޅުނުކުރާތީ އެކަމާ ވިސްނަވަން އަސްލަމް އިންނެވިއެވެ. ނާއިލްއަކީ މީގެ ކުރިން އެގޮތަށް ބަސްމަދުވެފައި ހުންނަ ކުއްޖެއްނޫނެވެ. އެހެންނަމަވެސް އެދަރިފުޅުގެ ހަޔާތުގައި ދިމާވި އެންމެ ހާދިސާއަކުން ނާއިލްގެ މުޅި ޠޮބީޢަތް ބަދަލުކޮއްލައިފިއެވެ. ސަމީރާގެ ހިޔާލާއި އަސްލަމް އެއްބަސްވެލެއްވީވެސް ނާއިލަށް އުފާވެރި ހަޔާތެއްދިނުމުގެ ވިސްނުމުގައެވެ. ނާއިލްއަށް ޚާއްޞަ ކުރެވިފައިވާ ޑޮކްޓަރުންގެ ޓީމުގެ އެދިލެއްވުމާއިއެކުވެސް މެއެވެ. ނަމަވެސް ކާމޭޒުދޮށުގައި އެންމެން ތިބެ ހިޔާލު ފާޅުކުރަމުންދިޔައިރު އެންމެންގެ ހިޔާލުތައްވެސް ހުރީ ޝަބާ އާއި ދެކޮޅަށެވެ. ސަމީރާ ޝަބާ އާއިއެއްކޮޅަށް ވަކާލާތު ކުރަމުންދިޔައިރު އަސްލަމް އިންނެވީ ހުރިހާ އެންމެންގެ ހިޔާލުތައް އަޑުއައްސަވާށެވެ.

“އަސްލަމް، ކީއްވެތޯ އެއްޗެއް ނުބުނުއްވީ، ޝަބާއަކީ ރަނގަޅު ކުއްޖެއް، އަޅުގަނޑަށް އެހާ ޔަގީންކަން އެބައޮތް، ހަގީގަތުގަ އަޅުގަނޑުމެންގެ ނާއިލްގެ ހާލު ދެކެފައި އެކުއްޖާ އާއި އިންނާނީ ކާކު، ޝަބާ މިކައިވެންޏަށް ގަބޫލު ވިކަމީ ކިހާބޮޑު ނަސީބެއް، ނާއިލްވެސް ހަމައަކަށް އެޅިދާނެހެން ހީވަނީ ކައިވެންޏަށްފަހު، އޭނަ އަޅުގަނޑުގެ އެއްވެސް ނިންމުމަކަށް ދެކޮޅެއް ނުހަދާނެ، އަނެއްކާ އަސްލަމްއަށްވެސް ޝަބާ ކަމުނުދަނީތޯ” ނިދަން ކޮޓަރިއަށްވަތް ސަމީރާ ރީތިވާ މޭޒުގެ ކުރިމަތީ އިށީނދެ އިނދެ ނިދަން ތައްޔާރުވަމުންދިޔަ އަސްލަމް އާއި ވާހަކަދެއްކިއެވެ.

ސަމީރާ ބުނިއެއްޗަކަށް އަސްލަމް ވިސްނާލައްވަމުން އެނދުގައި އިށިންނެވިއެވެ. ދެންވެސް ސަމީރާ ސުވާލު ކޮއްލީ ޝަބާ އާއި ބެހޭގޮތުންނެވެ.

“އަހަރެން ސަމީރާއަށް އިތުބާރުކުރަން، އަހަންނަށް އެނގޭ ޝަބާގެ އުޅުން އަހަރުމެންނާ ތަފާތުވާނެކަން، އެއީ މައްސަލައެއް ކަމަށް މަށެއް ނުދެކެން، ކައިވެނީގެ ފަހުގަ އުޅޭނީ މިގޭގައެންނު، އޭރުން މިގޭގެ އާދަކާދަތަކަށް ހޭނިދާނެ، އަހަރެން ބޭނުންވަނީ ނާއިލްއަށް ރަނގަޅު ވަފާތެރި އަންބެއް ލިބުން، ޝަބާގެ މަޑުމައިތިރިކަން އަހަންނަށް ވަރަށް ކަމުދޭ… އަދަބުވެރިކަމާ ލަދުވެތިކަމަކީ އަންހެނެއްގެ ގައިގާ ހުރުން ވަރަށް މުހިއްމު ދެސިފަ، ޝަބާއަކީ އިއްފަތްތެރި ދީންވެރި އަންހެން ކުއްޖެއްކަން އޭނަ ފެނުމުންވެސް އަހަންނަށް އެނގިއްޖެ، ހަގީގަތުގަ ކަމުނުދާ ސިފައެއް ނެތްކަންނޭގެ، ކަންބޮޑުވީ ހަމަ އެންމެ ކަމަކާ، ނާއިލް އެހާ ގަޔާނުވާހެން ހީވެގެން، ދެން ހިތަށްއެރީ ޝަބާއަކީވެސް މީހެއްގެ ދަރިއެކޭ، އަހަރުމެންގެ އުފަލަށްޓަކައި އެއަންހެން ކުއްޖާގެ އުފާތަށް ނަގާލުން އެއީ އެންމެ ރަނގަޅު ގޮތްބާއޭ” އަސްލަމް ބުނުއްވިއެވެ.

“އަޅުގަނޑުގެ ހިތްބުނަނީ ހަމަ، ނާއިލް އާއި ޝަބާގެ ކައިވެނި ކުރެވުމުން ދެކުދިންވެސް ހަމައަކަށް އެޅިދާނެޔޭ، ޝަބާއަކީ ވަރަށް ރަނގަޅު ކުއްޖެއް، އޭނައަށް އެނގި ވިސްނޭނެ އަޅުގަނޑުމެން މިފަދަ ނިންމުމެއް ނިންމީ ކީއްވެކަން، އެއްގޮތަކަށްވެސް ޝަބާއަށް ދެރައެއްދޭކަށްނޫން، މިގޭގަ އޭނަ އުޅޭނީ ވަރަށް އުފަލުން، ހުދު އަޅުގަނޑު އަމިއްލައަށް ޝަބާގެ ކަންތައްތައް ބަލަހައްޓާނަން، ކައިވެނި ރޫޅުނަ ނުދީ ނާއިލް އާއިއެކު ދިރިއުޅުމާއިގެން ކުރިއަށް ދިއުމަށް އޭނައަށް ހިތްވަރު ދޭނަން، އަޅުގަނޑަށް ޝަބާގެ ފަރާތުން ފެންނަ ރީތި އާދަތައް ނާއިލަށް ފާހަގަ ކުރެވެން ދުވަސް ނަގާނެ، އެކަމަކު އަޅުގަނޑު ނުބުނާނަން ނާއިލްގެ ހިތް އަތުލަން ޝަބާއަށްވަކި ފަސޭހަވާނެއެކޭ… ދެކުދިންގެ ކައިވެނި ކުރުވުން ނޫންގޮތެއް ނެތެއްނޫންތޯ، ނާއިލް އަމިއްލައަށް ކައިވެންޏަކާއި ހަމައަށް ދާކަށް ގަސްދެއްނުކުރޭ، މިކައިވެނި މިގޮތަށް ކުރަންޖެހޭ އެންމެ ބޮޑު ސަބަބަކީ އެއީ…” ސަމީރާ އުއްމީދުން ފުރިގެންވި ނަޒަރަކުން އަސްލަމްއަށް ބަލަހައްޓައިގެން އިނދެ ބުންޏެވެ.

ވަރުބަލި ކަމާއިއެކު ސޯފާގައި ދެލޯ މަރާލައިގެން އެއްއަރިއަށް އޮށޯވެލައިގެން ޝަބާ އޮތްއިރު އޭނަގެ ހިތާ ސިކުނޑިއަށް ސިފަވަމުން ދިޔައީ ނާއިލް އާއި ބަދަލުކޮއްލެވުނު އަވަސް ހިނިތުންވުމެވެ. ދެމީހުންގެ ނަޒަރު ބޭނުންނުވިނަމަވެސް ބައްދަލުވެގެންދިޔައީ އެހިނދުކޮޅުގައެވެ. ނާއިލްގެ މިޒާޖު ހުންނާނެ ގޮތާއި، އޭނަ އާއި ބައްދަލުވެ ވާހަކަ ދައްކައިފިނަމަ ޖަވާބު ދޭނީ ކިހިނެއްކަމާއި، މިފަދަ ތަފާތު އެކިއެކި ހިޔާލުތަކަށް ޝަބާ ގެނބެމުންދިޔައެވެ. ސިއްސައިގެން ދިޔައީ ހުޅުވާފައި ހުރި ޓީވީއިން ބާރު އަޑެއް އިވުމުންނެވެ. އެހެންނަމަވެސް އޭނަ ކޮޓަރިއަށް ދާހިޔާލެއް ނުކުރިއެވެ. ގޭގެ އެކަކާވެސް ވާހަކަ ނުދައްކާ އެންމެން ނިދަން ވަނުމުން ޝަބާ އައިސް ސޯފާގައި އޮށޮތް ގޮތަށް އޮތީ ނިދާނީވެސް އެތަނުގައި ކަމަށް ނިންމައިގެންނެވެ. ކުރެވެން އުޅޭ ކައިވެނީގެ ސަބަބުން ކޮޓަރިއަށް ވަނުމުން ރާއިދު އާއި އޭނަގެ އަމިއްލަ ދިރިއުޅުމުގެ އެކިއެކި މަންޒަރުތައް ސިފަވާން ފެށުމުން ކުރެވޭ ނުބައިހިޔާލުތައް ގިނަވެ ހިތަށް ލިބޭ ވޭން އިތުރުވެއެވެ. ނިމުމެއްނެތް ހިތްދަތިކަމެކެވެ. ހިތް ގިސްލަ ގިސްލާފައި ރޮމުންދާއިރު އެދެލޮލުގައިވާ ކަރުނަ ހިކިފައިވާ ކަހަލައެވެ. މަޑުމަޑުން ދެލޯ މެރެމެރެމުންގޮސް ނިދީގެ ވަރުބަލިކަމުގެ ތެރެއަށް ޝަބާގެ ނަފްސު ގެނބިގެން ދިޔައީ އެކަމުގެ އިޙްސާސް ކުރެވުމެއްނެތިއެވެ. މަޑުމަޑުން ބޯދަށަށް ލާފައި އޮތް ސޯފާގެ ކުށަންގެ ކަނުން ޝަބާގެ އަތްދޫވެގެންދިޔައެވެ. ޓީވީގެ އަޑުއިވެމުންދިޔައެއް ކަމަކު ޝަބާއަށް ނިދުނީއެވެ.

*  *  *  *  *  *  *  *  *

ވަފިއްޔާގެ މޯބައިލް ފޯނު ރިންގުވާއަޑަށް އަވަސް އަވަހަށް ކާމޭޒުމަތީގައި އޮތް އޭނާގެ ފޯނު ނަގާ ކަންފަތުގައި ޖަހާލަމުން ހެލޯއޭ ބުނެލިއެވެ. އޭރު އެގާރަ ޖަހަން އުޅެނީއެވެ. މެންދުރުވާންވާއިރަށް ކާއެއްޗެއް ހެދޭތޯ އޭނަ އުޅުނީ ބަދިގޭގައެވެ.

“ވަފިއްޔާ، މީ ސަމީރާ…” ސަމީރާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ވަފިއްޔާ އަވަހަށް ވާހަކަދެއްކިއެވެ.

“ކިހިނެއްވީ؟ ކަމަކުތަ؟ ޝަބާ އެބައުޅޭ… ކައިވެނި ކުރާނެ ދުވަހެއް ކަނޑައަޅައި ނިމުނީތަ؟” ވަފިއްޔާ ކެތްތެރިކަން ކުޑަގޮތަކަށް އެތަށް ސުވާލެއް އެއްފަހަރާ ކުރިއެވެ. ފޯނުގެ އަނެއްކޮޅުން އެވާހަކަތައް އަޑުއަހަންހުރި ސަމީރާ ލުއިގޮތަކަށް ހީނލިއަޑުއިވުނެވެ. އެމީހުންގެ ދުވަސްވީ ރަޙުމަތްތެރިކަމުގެ ސަބަބުން ވަފިއްޔާވެސް ސަމީރާ އާއި ވާހަކަދައްކަނީ އެއްވެސް ޖެހިލުމެއްނެތިއެވެ. އެކަމަކު އެއީ ސަމީރާ އާއި އޭނަ އާއި އެކަނިވެއްޖެނަމައެވެ.

“އާން، އެކަމާ މިގުޅީވެސް، އަސްލަމް ކޯޓުގައި ހުރި ރަޙުމަތްތެރިއަކާއި ގުޅުއްވާ މިމަހު އަށާރައިގަ ކައިވެނި ކުރެވޭނޭ ގޮތަށް ހަމަޖައްސަވައިފި، ކުޑަ ސަޔެއްވެސް ގޭގަ ބާއްވަން މިނިންމީ، ބާޒާރު ކުރުމަށް އަހަންނާއިއެކު ޝަބާ ފޮނުވަންވީނު، ވަފިއްޔާވެސް ވަގުތު އޮތިއްޔާ އަހަރުމެންނާ ބައިވެރިވާންވީ އިނގޭ، އަދި ބުނަން، އަސްލަމްއަށް ވަރަށް ކަމުދިޔަ ޝަބާ” ސަމީރާ ވާހަކަދެއްކިއިރު އޭނަގެ އަޑުގައި ހަރުލާފައިވަނީ އާދަޔާއި ހިލާފު އުފާވެރިކަމެކެވެ.

“ހާދަ އުފާވެރި ޚަބަރެކޭ ތިދިނީ، ކުޑަކުޑަ އިރުކޮޅަކުން ޝަބާ ގޮވައިގެން މިދަނީ ތިގެއަށް، ނުވާނެ ގިނައިރެއް، އަނެއްހެން ގޭގަވެސް ނެތް ކުރާނެ ކަމެއް، ދަރިން ބޮޑެތިވީމަ ބުރައެއްވެސް ނުވާނެއެންނު…” ވަފިއްޔާ އޭނަގެ ވާހަކަ އޮމާންކޮއްލިއެވެ.

“އަހަންނަށް ލަހެއް ނުވޭ، ވަފިއްޔާ އާއި ޝަބާ އާއި ދެމައިން ތައްޔާރުވާންވާއިރަށް އަހަރެން ތިގެއަށް ގޮސްދާނަން، އޭރުން އެންމެން އެކުގައި ކާރުގައި ދެވޭނެއެންނު ދޯ، މިކައިވެންޏަށް ހިނގާނެ ހުރިހާ ޚަރަދެއް ބަލަހައްޓާނީ މި ޢާއިލައިން ކަމަށް އަސްލަމްވަނީ ބުނުއްވާފަ، އެހެންވީމަ ވަފިއްޔާމެން އެއްވެސް ކަމަކާ ހާސްވާނެ ކަމެއްނެތް، ދެން ބާއްވަނީ އެނގޭ، މަވެސް މިދަނީ ދާންވާއިރަށް ތައްޔާރުވެލަން” މިހެންބުނެ ސަމީރާ ފޯނު ކަނޑާލިއެވެ. ވަފިއްޔާ ހިނިއައިސްފަ ހުރިވަރުން އޭނަގެ ކޮލުދަތްތަކަށް ދާންދެން ފެންނަންހުއްޓެވެ.

“ކޮންފަދަ ނަސީބެއްތަ މިލެއްވީ” އަނގަފުޅާ ކޮއްލާފައި ވަފިއްޔާ އުފަލުން ބުނެލިއެވެ. އަދި ދެފަޔަށް ބާރުލާފައި އަވަސްވެގަތީ ޝަބާ ހޯދުމަށް އޭނަގެ ކޮޓަރިއަށް ދިއުމަށެވެ.

“ޝަބާ…ޝަބާ…” ކޮޓަރި އާއި ހަމައަށް އާދެވުމުގެ މާކުރިން ވަފިއްޔާ ޝަބާއަށް ގޮވަން ފަށައިފިއެވެ. އޭރު ކޮޓަރީގެ ދޮރު ހުޅުވާލައިގެން ޝަބާ އުޅެނީ އެއްޗެހި ދޮންނަން ތައްޔާރު ކުރާށެވެ. ދާވަށިން އެކިހެދުން ނަނގާ ބައިބަޔަށް އަޅަމުންދިޔައެވެ. ވަފިއްޔާގެ އަޑުއިވުމާއިއެކު އޭނާގެ މޫނުމަތިން ފެނުނީ ކުނިވަހެއް ދުވުމުން މީހަކު ޖައްސާނެ ވައްތަރުތަކެވެ.

“ކީއްތަ ތިކުރަނީ، އަވަހަށް ތައްޔާރުވެބަލަ، ތިއެއްޗެހިތަށް ތިހުރި ގޮތަށް ބަހައްޓާފަވިޔަސް އަހަންނަށް ވަރިހަމަ، އަވަހަށް ތައްޔާރުވެގެން އަހަންނާއިއެކު ހިނގާބަލަ… އިރުކޮޅަކުން ސަމީރާ އަންނާނެ” ވަފިއްޔާއަށް ލިބުނު އުފާވެރިކަމާއިއެކު އޭނާ ހީވަނީ އުއްދައިސައިގަނެދާނެހެންނެވެ.

“އެކީއްކުރަން، އަހަރެން މިއުޅެނީ އެއްޗެހި ދޮންނަންވެގެން، މިކަން ހުއްޓާލާފަ ދެވޭތަ، ދެން މަންމަވެސް… ކީއްތަވާނީ އެއްފަހަރުވެސް އަހަރެންގެ ލަފަޔެއް ހޯދާލިއްޔާ” ޝަބާ ގޮތްދޫނުކުރާ ކަހަލަގޮތަކަށް ބުނެލިއެވެ.

“ބަލަ މަށެއްނޫނޭ ގުޅީ އެމީހުންނަށް، ކަލޭގެ ކައިވެނި ތިންދުވަސް ފަހުން ކުރާގޮތަށް ނިމިއްޖެ، އެއީ މިމަހު އަށާރަ، ސަމީރާ އެއަންނަނީ އަހަރުމެން ދެމީހުން ގޮވައިގެން ބާޒާރުކުރަންދާން، މަށަށް ވަރިހަމަ ތިކަން ނުކުރިޔަސް، ސަމީރާ އާއިއެކު ޝަބާ ދާންޖެހޭނެ، މަވެސް މިދަނީ ތައްޔާރުވާން، ޝަބާއަކީ ތައްޔާރުވާން މާގިނައިރުތަކެއް ނަގާ މީހެއްނޫން އެހެންވީމަ ފަސްމިނެޓުތެރޭ ތައްޔާރުވެގެން އަހަރެންގެ ކޮޓަރިއަށް އާދޭ” ވަފިއްޔާ އޭނަ ބޭނުންވިގޮތް ބުނެލުމާއިއެކު އެކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. ދަމުން ހަގު ދަރިފުޅުގެ ކޮޓަރިއަށް ވަނެވެ.

“ޝިހާނާ، އަހަރެން މިދަނީ ބޭރަށް ދާން، މިއަދު މެންދުރު ބަތްކައްކާނެ ވަގުތެއްނެތް، އެހެރީ ރިހަކައްކާފަ، އެއާއިއެކު ކާނެ އެއްޗެއް އަމިއްލައަށް ހަދައިގެން ކައި… އަހަންނަށް އާދެވޭނެ އިރެއްވެސް ނޭނގެ، ކަލޭގެ ބައްޕަ ގެއަށް އައީމަ އޭނައަށްވެސް ކާން ހަދާދޭތި” ވަފިއްޔާ ޝިހާނާގެ ކޮޓަރި ދޮރުމަތީ ހުރެބުންޏެވެ.

“ތިހާ އަވަސް އަރުވާލާފަ މަންމަ ކޮންތާކަށްތަ ދާންތިއުޅެނީ، ދެންމެ ތުއްތައަށް އެހާ ބާރަށް ތިގޮވީ، …އެހެންވީމަ އޭނަގެ ކަމެއްގަ ދޯ ބޭރަށް ދާން ތިއުޅެނީ” ޝިހާނާ ވިސްނާލަމުން ބުނެލިއެވެ.

“އާން، އޭނާގެ ކައިވެންޏަށް ބާޒާރުކޮއްލަން މިދަނީ، ދެން މާގިނަ ސުވާލު ކުރާނެކަމެއްނެތް، މީ ޝިހާނާ އާއި ބެހޭވެސް ކަމެއްނޫން، ހަނދާން ކުރާތި، ގޭން ބޭރަށް ނުނިކުންނާތި، މަ ނެތޭ ކިޔާފަ ކަލޭ ހިތާވެގެން އުޅޭ ފިރިހެނާ މިގެއަށް ނުވައްދާތި” ޝިހާނާއަށް އިތުބާރު ނުކުރާފަދަ ގޮތަކަށް ވަފިއްޔާ ބުނެލިއެވެ.

“އަމުދަކުން މަށެއް ނޫޅެން” ޝިހާނާ ގަދަކޮއްލާފައި ބުނެލިއެވެ. ވަފިއްޔާ އޭނަ ބުނިއެއްޗެއް އަޑުއެހުމެއްނެތި މޫނު އަނބުރާލުމާއިއެކު އޭނަގެ ކޮޓަރިއަށް އައިސް ވަދެއްޖެއެވެ.

ވަފިއްޔާ ތައްޔާރުވެގެން ކޮޓަރިން ނުކުތްއިރު ޝަބާ ސިޓިން ރޫމުން ބޭރަށް، އަރަން ގެންގުޅޭ ބޫޓުގެތެރޭ ވެލިހުރެގެން އެފޮޅަން ހުއްޓެވެ.

“މިއަދުވެސް ތިހެދުންތަ؟ އެހެން ހެދުމެއް ލާބަލަ، ދޭ ބަދަލު ކުރަން… ސަމީރާމެން ހީކުރަނީ ކީކޭ” ވަފިއްޔާއަށް ޝަބާ ފެނުމާއިއެކު ހަޅޭލަވާ އުސޫލުން ބުނެލިއެވެ.

“މިހެދުން ކިހިނެއްތަވީ” ޝަބާ ދޮރުމަތީ ބޫޓުކިބަ ބަހައްޓާފައި ފަހަތަށް އެނބުރި ވަފިއްޔާ އާއި ކުރިމަތިންލަމުން ބުނެލިއެވެ.

“އިއްޔެވެސް ލައިގެން އުޅުނީ ތިހެދުންގަނޑު، މިއަދުވެސް ތިއުޅެނީ ތި ލައިގެން ދާންވެގެން، ދޭ ބަދަލު ކުރަން… ރީތި އުޅުމެއްވެސް ދަސްވެފަ ނެތޭ” ވަފިއްޔާ މޫނަށް ވައްތަރެއް ޖައްސާލުމާއިއެކު ބުންޏެވެ.

“އެއެއްނޫން، މަންމަގެ ޒާތްކޮޅު ބޮޑީ ހަމަ، މިހެދުން ލައިގެން ހުއްޓެއްކަމަކު ކައިރިން ދާމީހަކަށް އަހަރެންގެ ގައިން ނުބައިވަހެއް ނުދުވާނެ، އަހަރެންނަކީ އެހާ ގޮތްކުޑަ މީހެއްނޫން” ޝަބާ އެއްޗެހި ކިޔަމުން ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ. އަދި އޭނަގެ މަންމަގެ ހިތްހަމަޖެހުމައްޓަކައި ހެދުން ބަދަލުކޮއްގެން ނުކުތްއިރު ސަމީރާ ހުރީ ގޭގެ ދޮރުމަތީގައި ވަފިއްޔާ އާއި ވާހަކަދައްކާށެވެ. ވަގުތުން އެވީގޮތެއް ޝަބާއަށް ބުނެދޭންވެސް ނޭނގެއެވެ. ގޮތްނޭނގޭ ފިންޏެއް ހަށިގަނޑަށް އިޙްސާސް ކުރެވެންފެށިއެވެ. އަދި ވަފިއްޔާދެކެ އައިސްފަހުރި ރުޅިގަނޑުވެސް މައިތިރިވެ އެއްކޮށް ފިލައިގެން ހިނގައްޖެއެވެ. އެހުރިހާ ކަމެއްވެސް ވީ ސަމީރާ ފެނިފައެވެ.

މުށިކުލައިގެ ލެދަރުން ކަވަރުއަޅުވާފައިވާ ކާރުގެ ފަހަތު ސީޓުގައި ތިންމީހުން އަރާ އިށީނެވެ. ދެފަރާތުގައި ދެމަންމައިން ތިބިއިރު މެދުގައި އިނީ ޝަބާއެވެ. ކާރުތެރޭގައި ފިނިކަމެއް ދައުރުވަމުންދިޔައިރު އެއާއިއެކުވެގެން މަޑުމަޑު މީރުވަހެއް ދުވަމުންދިޔައެވެ. ނަމަވެސް އެވަހުގެ ސަބަބުން ޝަބާގެ ނޭފަތަށް އުނދަގޫވަފަދަ އިޙްސާސެއް ކުރެވުނެވެ. އާއިލާ އާއި އެކުގައި ދުއްވާލަން ދާން އެކާރުވަރަށްވެސް ފުރިހަމައެވެ. އަދި އެހާމެ އަރާމެވެ.

“ނަވާލްގެ އަންހެނުން މޯނާ އެނގެއެއްނު، އޭނަ އަހަރުމެންނާ ބައްދަލު ކުރާނީ އަހަރުމެން މިދާތަނުން، އަހަރުމެން މިދަނީ ޝަބާގެ ކައިވެނި ރޭގައި ލާނެ ހެދުން ފަހާ މީހާ ކައިރިއަށް، އޭނައަށް ގުޅާފަ މިދަނީ… މޯނާ ދަތުރު ކުރާނީ އޭނަގެ އަމިއްލަ ކާރުގަ އެހެންވެ އަހަރުމެންނާއިއެކު މިކާރުގައި ނުފެނުނީ، ދެންދާނީ ގަހަނާ ވިއްކާ ފިހާރަތަކަށް ވަދެލަން، އަސްލަމް އެބަ ހިޔާލުކުރައްވާ ބޭރަށް ދުރުވެ ބައެއް ވިޔަފާރި އެކޮޅުގައި ކޮއްލައްވަން، މިކޮޅަށްވުރެ އަގު ރަނގަޅުވެފައި ފެންވަރުވެސް ރަނގަޅުވާނެތީވެ… ޝަބާ ކިހިނެއްތަ؟ ވަރަށް ހާސްވެފަ ދޯ ތިއިނީ” ސަމީރާ ކުރިއަށް ރާވާފައި ހުރިކަންތައްތައް އޮޅުންފިލުވާދިނުމަށްފަހު ޝަަބާއަށް ސަމާލުކަން ހުއްޓާލިއެވެ. އެއާއިއެކު ލަދުގެންފައި އިނދެ ޝަބާ ވަރަށް މަޑުން މަޑުން ވާހަކަދެއްކިއެވެ.

ފަހާމީހާ ކައިރިއަށް ސަމީރާ ވަފިއްޔާގެ ދެމައިން ގޮވައިގެން ވަންއިރު މޯނާ ހީހީފައި އެތަނުގައި ހުރި ޒުވާން ފިރިހެނަކާއި ސަމާސާ ކުރަމުންދިޔައެވެ. ޝަބާއަށް ފަހާ މީހަކީ މޯނާ ސަމާސާ ކުރަމުންދިޔަ ޒުވާން ފިރިހެނާކަން އެނގުނީ އޭނައަށް ސަމީރާ ފެނުމުން ސަމީރާ އާއި ބައްދަލު ކުރުމަށް އަވަސްވެގަތީމައެވެ.

“މީނައަށްތަ ހެދުން ބޭނުންވަނީ” މިހެންބުނި އެޒުވާނާގެ އަޑާއި ހަރަކާތުގައިވަނީ ރަނޑުގޮތެކެވެ. ފެންނަފެނުމަށް ހަށިގަނޑު ރީތިވެފައި ފިރިހެންގޮތް ހުއްޓެއްކަމަކު އޭނަގެ އަޑުއިވި ހަރަކާތްތައް ފެނުމުން ޝަބާގެ ހިޔާލު އޭނަ އާއި ދޭތެރޭ ބަދަލުވެގެންދިޔައެވެ.

“ޢާފް، ޝީޒް ދަވަން… ރަނގަޅު ގޮތެއް ހަދާދީބަލަ” މޯނާ އަވަސް އަވަހަށް އެޒުވާނާ ސަމީރާ އާއި ކުރި ސުވާލަށް ޖަވާބު ދީފިއެވެ. މޯނާއަށް ޝަބާ ހުރިގޮތް ކަމުނުދާކަން ހުދު ޝަބާއަށްވެސް އެނގެއެވެ. އޭރު  އެތަނުގައި ހުރި މޭޒެއްގެ މަތީއަތްއަޅުވާލައިގެން އޮތް މޯނާ ހުރީ ކޮނޑުވެއްޓިފައި ހުރި ޓީޝާޓަކާއި ފަޔަށް ހިފާފައިހުރި ޖިންސެއްލައިގެންނެވެ. އަތުގައި އަޅާފައި އޮތީ ހަމައެކަނި ތަނޑިއެއްނޫނެވެ. އިސްތަށިގަނޑު މައްޗަށް އައްސާލާފައިހުރިއިރު މިއިން ދުވަހަކު އިސްތަށިގަނޑުގައި ފުނާ އަޅާލާފައި ހުރިހެން ހީނުވެއެވެ. ޗޮކުލެޓު ކުލައަކަށްދާ ލޯބޮޑު އަވިއައިނެއް ބޮލުގެ މެދުގައި ބައިންދާލާފައި ވެއެވެ. އޭނައަށް އެހުރެވުނީ އެންމެ ޒަމާނީ ގޮތަށްކަމުގައި އޭނަ ހީކުރާކަހަލައެވެ. މިއީ ވަގުތީ ތަނެއްކަން އޭނަ ހަނދާންނައްތާލީ ކީއްވެބާއޭ ޝަބާގެ ހިތަށް އަރަމުންދިޔައެވެ. ފިރިމީހާއަށްޓަކައި އޭނަގެ އަތުގައި ފޮރުވިފައިވަނީ ކޮންއެއްޗެއްބާވައޭ ޝަބާގެ ހިތާ ސުވާލުކުރަމުންދިޔައީ ޢާފް އާއި ވާހަކަދައްކަން ހުރި މޯނާއަށް އެސްފިޔަޖަހާލުމެއްނެތި ބަލަންހުރެއެވެ.

“އިޒް ސަމްތިން ރޯންގް…” މޯނާގެ ލޮލުގައި އޭނައަށް ހުއްޓިފައިވާ ޝަބާގެ ނަޒަރު އަޅައިގަތުމާއިއެކު ފޫހިގޮތަކަށް އަހާލިއެވެ. ކުށެއްކުރުވުމުން އެކަމުން ރެކިގަންނަން އުޅޭފަދަ ގޮތަކަށް އަވަސް އަވަހަށް ޝަބާ ދެފަރާތަށް ބޯހޫރާލުމާއިއެކު އިސްޖަހާލައިފިއެވެ.

“އަޅުގަނޑާއި މޯނާ އާއިވެގެން ބައެއް ޑިޒައިންތައް ޗޫސްކޮއްލާފަ ހުންނާނީ، މިތާ އިށިންނަންވީނު ޑިޒައިންތައް ކަމުދޭތޯ ބަލާލަން، ކަމުނުދަންޏާ އަދިވެސް ހުންނާނެ އިތުރު ޑިޒައިންތައް… ” ޢާފް އުނަގަނޑުގައި އެއްއަތް ވިއްދާލަމުން ސޯފާއަށް އިށާރަތްކޮއްލިއެވެ. އެއާއިއެކު ސަމީރާ އާއި ވަފިއްޔާގެ ގެ ފަހަތުން ޝަބާވެސް އައިސް ސޯފާގައި އިށީނދެއްޖެއެވެ. މިފަހަރުވެސް ޝަބާއަށް އިންނަން ޖެހުނީ ސަމީރާ އާއި ވަފިއްޔާގެ މެދުގައެވެ. ޢާފް ހެދުންތަކުގެ ފަރުމާތައް ގެނެސް ސޯފާގެ ކުރިމަތީ ހުރި ކަޅުބިއްލޫރި ޖެހި ކުޑަމޭޒުގެ މަތީ އަތުރަންފެށިއެވެ. މޯނާވެސް އައިސް ވަކިން އިން ސޯފާގައި އިށީނދެއްޖެއެވެ. އަދި ސަމީރާއަށް ފަހަރަކު ނަމޫނާއެއް ދައްކަމުން ފާޑުކިޔަން ފަށައިފިއެވެ.

“އެކަމަކު މިގޮތެއް ކަމަކު ނުދާނެ، ޝަބާއަކީ ތިގޮތްގޮތަށް ބުރުގާ އަޅާ ކުއްޖެއްނޫނޭ، ލޭސް އަތެއް ކިހިނެއްތަ ލާނީ، މޯނާ… މަންމައަށް ކަމުދާ ނަމޫނާއެއް މިތާކުނެތް” ނަމޫނާތައް ބަލަމުންދިޔަވަރަކަށް މޫނުމަތިން ކަންބޮޑުވުން ފާޅުވަމުންދިޔަ ސަމީރާ ބުންޏެވެ. ޝަބާ ހަމަ އެއްވެސް އެއްޗެއް ނުބުނެ އެމީހުން ކުރާ ކަންތައްތައް ބަލަން އިނީއެވެ.

“މަންމާ، ޝަބާ އެޖަސްޓު ކޮއްލަފާނެއޭ… އެހެދުން ލާނީ ހަމައެކަނި މެރީ ކުރާ ރެއެންނު، އެއީ އެވަރުގެ ކަމެއްނޫނޭ… ދޯ ޝަބާ، ލާނަންދޯ މިކަހަލަ ހެދުމެއް، ކިހާ ރީތި…. އިޓްސް ދަ ލޭޓަސް ޓްރެންޑް، އުނަގަނޑުން ކުޑަކޮށް ހިފާލާފަ ހުރީމަ އަދި ވަކިން ރީތި” މޯނާގެ ވާހަކަ ހުރިގޮތުން ހީވަނީ ޝަބާގެ ހެދުން އެޅުމުގެ ވައްޓަފާޅި އެއްކޮށް ބަދަލުކޮއްލަން އޭނަ ބޭނުންވެފައި ހުރިހެންނެވެ. ޝަބާއަށް ބަލާލެވުނީ ސަމީރާ އާއި ދިމާލަށެވެ. އޭނައަށް ޝަބާގެ ހިތުގައިވާއެއްޗެއް އެނގުނީވެސް ކަންނޭގެއެވެ. ވަގުތުން މޭޒުމަތީ ހުރި ނަމޫނާތައް އެއްކޮލުމަށްފަހު ޢާފްގެ އަތަށް ދިއްކޮއްލާފައި އަލުން އާ ނަމޫނާތަކެއް ދެއްކުމަށް ބުންޏެވެ.

“ޢާފް، ޝަބާގެ ގައި ނުފެންނާނެ ހެން، އަދި ހަށިގަނޑުގެ ބައްޓަން އެހާބޮޑަށް ނޭނގޭނޭ ކަހަލަ ހެދުމެއް ފަރުމާ ކުރެވިދާނެތަ” ސަމީރާ ސުވާލުކުރިއެވެ.

“މަންމާ، އެގޮތް ތަންކޮޅެއް އޯލްޑެއް ނުވާނެތަ” މޯނާ ހިތްހަމަނުޖެހުނެވެ.

“ނޫނޭ، ތުރުކީ ހިސާބުގެ ސްޓައިލަށް ތައްޔާރުކޮއްފައިވާ ޑިޒައިންތަކެއް އަޅުގަނޑުގެ އަތުގައި ހުންނާނެ، ކުޑަ ބަދަލުތަކަކާއިއެކު ތިބުނާ ގޮތަށް ހަދާލެވިދާނެ، އެކަމަކު އޭރުން ޝަބާގެ ރީތިކަން ގެއްލޭނެެއެއް ނޫންތަ” ޢާފްއަށް ވިސްނުނީ ބޮޑުހެދުމެއްގައި ޝަބާ ހުންނައިރު އޭނަ މާފަލަކަމަށް ދައްކާނެ ކަމެވެ. އަދި ކައިވެނި ހެދުމަކީ އެހާމެ މުހިއްމު ޚާއްޞަ ހެދުމަކަށްވާއިރު އެންމެންވެސް ބޭނުންވަނީ ގަޔަށް ފިޓުކޮށް ވީހާވެސް ރީތިކޮއް ހެދުން ހުރުމަށެވެ. ކުރާނެކަމެއްނެތެވެ. ސަމީރާމެންނަކީ އޭނަގެ އާދައިގެ ކަސްޓަމަރުން ފަދަ ބައެއްނޫނެވެ. އެމީހުން ބޭނުންވާގޮތަށް ހެދުން ފަރުމާކޮއްދިނުން ނޫންގޮތެއް ޢާފްއަކަށް ނޯންނާނެއެވެ. އެހެންނޫނީ އޭނަގެ އަތުން ދޫވެގެން ހިނގައިދާނެއެވެ. އެހެންވެއްޖެ ނަމަ އެލިބުނީ ފޫނުބެއްދޭނޭވަރުގެ ގެއްލުމެކެވެ. ޢާފް އޭނަގެ ފަރުމާތަށް ކުރަހަން ގެންގުޅޭ ސްޓޭންޑު، ސޯފާތަށް ކައިރިއަށް ގެނައެވެ. އަދި ކުރިން އޭނަ ބުނި ފަރުމާތައް ގެނެސް ސީދާ ސަމީރާގެ އަތަށް ދިއްކޮއްލިއެވެ.

ހެދުމުގެ ހުރިހާ ކަމެއް ނިންމާލެވުނު އިރު އެއްގަޑިއިރަށްވުރެ ގިނައިރު ޢާފްގެ ގާތު ސަމީރާމެންނަށް ހޭދަކުރެވިފައިވެއެވެ. ހެދުމުގެ ހުރިހާކަމެއް ޢާފް އާއި ހަވާލު ކޮއްފައި ސަމީރާމެން އެގެއިން ނުކުތުމުން އެމީހުންނާއިއެކު މޯނާވެސް އައެވެ. އެކަމަކު އޭނަ ދަތުރުކުރީ ވަކިން އޭނަގެ ކާރުގައެވެ. ގަހަނާގެ ވިޔަފާރި ކުރުމަށް މާގިނައިރެއް ނުނެގިއެވެ. މާލޭގައި މާގިނަ ރަންރިހީގެ ވިޔަފާރިތަކެއް ނުހުންނާތީ އާއިއެކުއެވެ. ކަމުދާ އެއްވެސް އެއްޗެއް ސަމީރާއަކަށް ނުފެނުނެވެ. އެހެންވެ އެކަންވެސް ނިންމާލާފައި އެގެއަށް ވަފިއްޔާގެ ދެމައިން ގޮވައިގެން ދިޔައެވެ.

“ލީލާ، ވަފިއްޔާމެންނަށް ވަރަށް ފިނިކޮށް ޖޫސްގެނެސްދީބަލަ” ގޭތެރެއަށް ވަންއިރު ބޮޑުކޮޓަރީގެ މާބަލް ތަޅުން ފެންފޮތިލައި ނިމިގެން ފޮތިގަނޑަކުން ފޮހެން އޮތް ލީލާއަށް ބުންޏެވެ.

“ދައްތާ މޯނާ ނާދޭތަ” ލީލާ ތެދުވެ ހިންދެމިލަމުން ސަމީރާގެ ގާތުގައި އަހާލިއެވެ.

“އާން، ކިހިނެއްވީ އޭނަ ހޯދަނީ” ސަމީރާ ހައިރާންވެފައި އަހާލިއެވެ.

“އަޅުގަނޑެއްނޫން އޭނަ ހޯދަނީ، ނަވާލް… މޯނާ ދިޔަތަނެއް ނޭނގިގެން އަޅުގަނޑާ ސުވާލުކުރި” މިހެން ބުނުމާއިއެކު ސަމީރާ ބޯޖަހާލިއެވެ. އެތަން ފެނި ލީލާ ހިނގައިގަތީ ބަދިގެއާއި ދިމާލަށެވެ. ސަމީރާ ވަފިއްޔާމެންނަށް އިށިންނަން ސޯފާ ދައްކާލުމަށްފަހު އެބައަންނަން ކަމުގައި ބުނެ އެގޭގައި ހުރި ސިޑި އާއި ދިމާލަށް ހިނގައިގަތެވެ.

“ވަދޭ…” ކޮޓަރި ތެރެއިން ނަވާލްގެ އަޑުއިވުނެވެ.

“ދަރިފުޅު ކަމެއް ބޭނުންވީތަ؟ މޯނާ ދިޔައީ މަންމަ އާއިއެކު، އެކަމަކު ގެއަށް ނައިސް މިހާރުވީ ކޮންތާކު ކަމެއް މަންމައަކަށްވެސް ނޭނގެ…” ސަމީރާއަށް އެކޮޓަރިތެރެއަށް ނަޒަރު ހިންގާލެވުނީ ދެނެވެ. ފެންވަރައިގެން ގައިހިއްކި ތުވާލި އޮތީ އެނދުމަތީގައެވެ. ހެނދުނު ނިދާހޭލި ގޮތަށް އެނދުމަތި ތަންމަތި އަޅާލާފައެއްނުވެއެވެ. ބާލީސް ތަކާއި އެނދުގައި އޮންނަ ކުއިލްޓު ކަވަރުވެސް ވަނީ ތަރުތީބު ގެއްލި އެއްބައި އެނދުން ތިރިއަށް ވެއްޓިފައެވެ. ހެދުން އަޅުވަން ހަދާފައިހުރި އެތީގައި މަތިމައްޗަށް ހެދުންތައް އޮތެވެ. ގިނައީ މޯނާ ބޭނުންކުރާ އަންނައުނެވެ. އޭސީގެ ފިނިކަމުގެ ތެރެއިން ކޮޓަރީގައި މަޑުތަތްމުޑުވަހެއް ހަރުލާފައި ހުއްޓެވެ. މިހުރިހާ ކަމެއް މިހެން ހުރިއިރުވެސް ސަމީރާ އެއްވެސް އެއްޗެއް ނުބުނެ މަޑުމަޑުން ކޮޓަރިތެރެ ހަމައަކަށް އެޅުވޭތޯޯ މަސައްކަތް ފެށިއެވެ.

“މަންމާ، އަޅުގަނޑު ނަގާފާނަމޭ…” ކޮޓަރީގައި ހުރި ކޮމްޕިއުޓާރ ކުރިމަތީ ހުރި ބޮޑު ގޮނޑިއަށް ވެއްޓިގެން ކަހަލަ ގޮތަކަށް އޮތް ނަވާލްއަށް އޭނަގެ ކޮޓަރި ސަމީރާ ސާފުކުރާތަން ފެނުމުން ފުންމައިގެން ތެދުވިއެވެ. މަންމަ އެހެން އުޅުމުން ލަދުގަންނަ ގޮތް އޭނަވީއެވެ.

“މީ އެވަރު ކަމެއް ނޫނޭ، މަންމަ ދަރިފުޅުމެން ގެންގުޅުނީ މިހެން ސާފުކޮއްގެންނޭ، އެހެންނޫނަސް ދަރިފުޅު މިކަން ކުރާނެކަމެއްނެތް، ދެން ބުނެބަލަ، އޭރު މޯނާ ހޯދީ ދަރިފުޅު ކަމެއް ބޭނުންވީތަ” ސަމީރާ ވާހަކަ ހަމަޖައްސާލިއެވެ.

“ނޫން… މޯނާގެ ފޯނަށް ނުގުޅިގެން” ނަވާލްވެސް ސަމީރާއަށް ކަމެއް ސިއްރުކުރިއެވެ. ސަމީރާ އެނދުގެ ތަންމަތި އަޅާލުމާއިއެކު ދާޢޫދަށް ގޮވާގެނެސް އެކޮޓަރިތެރެ ވެކިއުމް ކުރުވިއެވެ. އަދި އޭސީގެ ދާގަނޑު ސާފުކުރުވުމަށްފަހު ކޮޓަރިތެރެއަށް އެއާރފްރެޝްނާ ޖަހާލިއެވެ. ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭ އެކޮޓަރިތެރޭގައި އިންސާނުން އުޅޭ ފާޑުޖެހިއެވެ. ކޮޓަރިތެރެއަށް އައި ތަރުތީބާއި ކޮޓަރިން ދުވަންފެށި މީރުވަހުން ނަވާލްވެސް ހިތްހަމަޖެހުނެވެ. މަންމައަށް ޝުކުރު އަދާކުރީ ލަދުވެތިކަމާއިއެކުއެވެ. އޭނަގެ ފަރާތުން އެފަދަ ކަންތައްތައް މަންމައަށް ފެންނަން ބޭނުންނުވިޔަސް އެކަން އެގޮތަށް ނުވަނީ އޭނަގެ އަންހެނުންގެ އެއްބާރުލުން އޭނައަށް ނުލިބޭތިއެވެ. ކޮންމެ ފަހަރަކު ގޭގެ ގެންގުޅޭ މީހުން ލައްވާ ކޮޓަރީގެ ކަންތައްތައް ކުރަން ނަވާލް ހިތްހަމަވެސް ނުޖެހެނީއެވެ. އެންމެން ކޮޓަރިން ނުކުތުމާއިއެކު ނަވާލް ހަމަޖެހިލުމުގެ ގޮތުން ފުންނޭވާއެއް ބޭރުކޮއްލިއެވެ. އަދި އޭނަ، މޯނާ ހޯދަންބޭނުންވި ކަންތައް ފުރިހަމަ ކުރުމަށް އުޅުނެވެ. އަލަމާރީގައި އެއްވެސް ތަރުތީބެއް ނެތި އުކާލެވިފައިވާ އެއްޗެހި ތަކުން މުށިކުލައަކަށްދާ ޓީޝާޓެއް ނަވާލްނެގިއެވެ. އަދި އެކަނިމާއެކަނި އެއްފަރާތެއްގައި ހުރި އިސްތިރިކުރާ މޭޒު ހުޅުވާލުމަށްފަހު ކަމެއް ހަނދާންވެގެން ދާފަދަގޮތަކަށް ގޮސް ކޮޓަރީގެ ދޮރު ތަޅުލިއެވެ. ދެވަނަ ފަހަރަށް ސަމީރާ އައިސް ދާނެއޭ އޭނައަށް ހީވީއެވެ. މަޑުމަޑުން އައިސް އޭނަގެ ޓީޝާޓު އިސްތިރިކުރަންފެށިއެވެ. އެހެން އިސްތިރިކުރާ މީ ފުރަތަމަ ފަހަރެއް ނޫނެވެ. އޭނަގެ ހަޔާތުގައި އެންމެ ފުރަތަމަ އިސްތިރީގައި އަތްލީވެސް މޯނާ އާއި ކައިވެނި ކުރުމަށްފަހުއެވެ. ދެމަފިރިން ހުރިހާ ކަމެއްގަވެސް ހަމަހަމަވާނެއޭ މޯނާ ބުނެއެވެ. ނަވާލްވެސް އެކަން ގަބޫލު ކޮއްލައިގެން ހުންނަނީ މޯނާދެކެ ވާލޯތްބެއްގެ ބޮޑުކަމުންނެވެ. މޯނާއަކީވެސް މުއްސަނދި އާއިލާއަކުން އައިސްފަހުރި އަންހެން ކުއްޖެވެ. ގޭތެރޭގައި މައްސަކަތް ކޮއްގެން ބޮޑުވެފައިހުރި އަންހެން ކުއްޖެއް ނޫންކަން ނަވާލަށް އެނގެއެވެ. އޭނަ ކޮންމެގޮތެއް ވަރިހަމަ ކޮއްލައިގެން އުޅެނީވެސް އެހެންވެއެވެ. މީހަކާ އިނީމަވެސް މޯނާގެ އުޅުމަށް މާބޮޑު ބަދަލުތަކެއް ނާދެއެވެ. ރައްޓެހި ރަޙުމަތްތެރިންނާއި ބައްދަލުކޮއް މަޖާކުރާކަށްވެސް ވަކިގަނޑިއެއް ނޯވެއެވެ. އެއްޗެއް ބުނަން ނަވާލްގެ ހިތަށް އަރާފަވެސް ފަސްޖެހެވެނީ މޯނާ ދެރަވެދާނެތީއެވެ. މޯނާގެ އުޅުމެއްނެތްކަން ނަވާލްގެ މަައިންބަފައިންނަށް އެނގެން އޭނަ އެއްގޮތަކަށްވެސް ބޭނުމެއްނުވެއެވެ.

ޝިހާނާ އެނދުމަތީގައި ޒީކްގެ އަތުގެތެރޭގައި އޮތެވެ. ހީނހީނފާ ދެމީހުން އެކަކު އަނެކަކާ ސަމާސާ ކުރަމުން ދިޔައެވެ. މުޅިގެ ދެމީހުންނަށް މިލްކުވެފައިވާކަހަލައެވެ. ގައިގޯޅިވުންތަކާއިއެކު ކައިވެނީގެ ބޭރުން ކުރަންނުވާނެ ބައެއްކުދިކުދި ކަންތައްތައްވެސް ދެކުދިންނަށް ކުރެވެމުންދިޔައެވެ. ޝައިތާނާގެ ނުބައި ވަސްވާސްތަކުން ދެކުދިންގެ ހިތާ ސިކުނޑިވެސް ވަނީ މަސްތުކުރުވާފައެވެ. ޝިހާނާއަށް އޭނަގެ މަންމަދިން އިންޒާރު ހަނދާންވެސް ނެތްކަހަލައެވެ. އެއްވެސް ފަރުވާލެއްނެތި ތަޅުލެވިފައިވާ ކޮޓަރީގައި އޭނަގެ އެނދުމަތީގައި ދެމީހުން ފިތިބާރުވެގެންތިއްބެވެ.

“މަންމަ އައިސްދާނެތީ ބިރެއްނުގަނޭތަ” ޒީކް ޝިހާނާގެ ކޯތާފަތުގައި ބޮސްދެމުން އަހާލިއެވެ.

“މަންމަ ގެއަށް ވަނިއްޔާ ސިއްރެއްނުވާނެ، ބައްޕަ އަންނާނީ ފަސްގަޑި ބައިކަން ހާއިރު…. ދޮންތަވެސް ޑިއުޓީ ނިންމާފަ އަންނާނީ އެހާއިރު، ހާސްނުވެބަލަ” ޝިހާނާ ހީނލާފައި ބުނެލިއެވެ.

“ދެން އެހެންވީރު އަހަރެން ބޭނުންކަންތައް ނުކޮއްދޭންވެގެން ތިއުޅެނީ ކީއްވެތަ، ޕްލީޒް… އަހަރެން ވަރަށް ލޯބިވޭ ޝިހާނާދެކެ، އަދިވެސް ތިހީކުރަނީ އަހަރެން އެއުޅޭ ނަދާ ކައިރިއަށް ދާކަމަށްތަ، އެހެންވެތަ ނޫނެކޭ ތިބުނަނީ” ޒީކް އޭނަގެ ހަށިގަނޑާއި ކުރިއަށްވުރެވެސް ޝިހާނާ ގާތްކޮއްލަމުން ބުނެލިއެވެ.

“އަހަންނަށް ކިހިނެއް އެނގެނީ ޒީކް ނަދާ ކައިރިއަށް މިހާރުވެސް ނުދާކަމެއް، ބަލަ ދެފަހަރު މަށަށް ބަސްޓުވެފަ އޮތީ، އަހަރެން ޒީކް އާއި ރުޅިނުވީ، އަސްލު ޒީކް ރޮއެފަ އާދޭސްކުރީމަ، އަހަރެން ކައިރީ ދެން ދުވަހަކުވެސް ނަދާކައިރިއަށް ނުދާނަމޭ ބުނެ ހުވާކުރީމަ…ދެން ވަރަށް ފޫހިވޭ… ކީއްކުރަންތަ ނަދާގެ ވާހަކަ ތިފެއްޓީ، އެއީ ފޫހި އަންހެން މީހާގަނޑެއް، ޒީކްއަށްވުރެ ބޮޑުވެސް ވާނެ، މޮޔަވެގެންތަ އެމީހާގަނޑު ކައިރިއަށް ޒީކް ދިޔައީ، އަހަރެން ޒީކް އާއި އެވަރަށް ކްލޯސްވާނަން އަހަންނަށް އެހާ ޓްރަސްޓު ލިބުނީމަ… މޫޑުވެސް ގޮސްފި… މަ ހާދަ ފޫހިވެޔޭ އެ ނަދާއެއްދެކެ، ބޮޑު މުސްކުޅި މީހާ ގަނޑު” ޝިހާނާގެ މޫޑު ހަރާބުވުމާއިއެކު ޒީކްގެ އަތުގެތެރެއިން ދުރަށް ޖެހުނެވެ.

ޝިހާނާ އެނދުން ކޮޓަރިން ނުކުންނަން އައުމާއިއެކު އޭނަގެ ފަހަތުން އަވަސް ފިޔަވަޅުގައި އައި ޒީކް އެކަން ހުއްޓުވަފިއެވެ. ޝިހާނާގެ ދެކޮނޑުގައި ހިފާ އޭނަ އާއި ގާތަށް ފަހަތަށް ދަމައިގަތެވެ.

“ލޯބީ… އޭނަގެ ވާހަކަ ދެން ނުދައްކާނަމޭ، ޕްލީޒް… ގަބޫލުކޮއްބަލަ” ޒީކް އާދޭސްކުރިއެވެ.

“އަހަރެންގެ މޫޑު އެހާ އަވަހަކަށް ރަނގަޅެއް ނުވާނެ، ޒީކް ދެން ދޭ މީގޭން، މަންމަ އަންނަން އުޅޭނެކަންނޭގެ މިހާރު، މަށެއް ބޭނުމެއްނޫން ބަސްޓުވާކަށް” ޝިހާނާ ޒީކްގެ އަތްފޮޅުވާލަމުން އޭނަ އާއި ދިމާލަށް އެނބުރުނެވެ.

“އަހަރެން ފޮނުވާލަނީތަ” ޒީކް ގެ މޫނުމަތިން ހިތާމަވެރިކަން ދައްކާލަމުން ބުނެލިއެވެ.

“ދެން އެހެނެއް ނޫނޭ، އަންޑަސްޓޭންޑްވެބަލަ، ޒީކްވެސް ބައެއްފަހަރު މާއޯވަރ ވާހެން ހީވާނެ، އެކްޓުޖައްސާނެކަމެއްނެތް، ފުދޭވަރަކަށް ގިނައިރު އަހަރުމެން ދެމީހުންނަށް ތިބެވެއްޖެއެންނު، ފަހުން އަހަރެން ގުޅާނަން، ދެން އެހަށް މިގަޑީގަ ދޭ” ޝިހާނާ މިހެންބުނެ ކޮޓަރީގެ ދޮރު ހުޅުވައިފިއެވެ. އޭނަގެ ނަސީބު ރަނގަޅުކަމުން އޭރުވެސް ގޭތެރޭގައި އެއްވެސް މީހެއްގެ ހިލަމެއްނުވެއެވެ. ޒީކް ނުދާން ވަރުދައްކާފައި ހުރިއިރުވެސް ޝިހާނާ އެގެއިން ޒީކް ނެރެފިއެވެ.

ގެއަށް އާދެވުނު ގޮތަށް މީހަކާ ވާހަކަދެއްކުމެއްނެތި ޝަބާ އައިސްވަނީ އޭނަގެ ކޮޓަރިއަށެވެ. ހެދުން ބަދަލުކޮއްލުމާއިއެކު އޭނަ އަވަސްވެ ގަތީ އެއްޗެހި ދޮވުމަށެވެ. ޖެހިގެން އޮތް ދުވަހަކީ އޮފީހަށް ނުކުންނަން ޖެހޭނެ ދުވަހަކަށްވެފައި އެފަދަ މަސައްކަތެއް ކުރަން ވަގުތު ނުވާނެކަން އެނގޭތީއެވެ. ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކުވެސް ޝަބާއަށް އޮފީހަށް ދާން ޖެހޭނެއެވެ. އެހެންވެ އަމިއްލަ ކަންތައްތައް ކުރަން ޖެހެނީ އޮފީސް ވަގުތަށް ބުރޫނާރާނޭހެންނެވެ.

ސަމީރާ އޭނަގެ ދުވަސް ދިޔަގޮތް ހަވީރު ގެއަށް ވެންނެވި އަސްލަމްއަށް ކިޔާދިނެވެ. ކައިވެންޏަށް ޚާއްޞަ ކުރެވިގެން ހޯދަން އުޅުނު އަނގޮޓި އާއި ޝަބާގެ އަތުގައި އަޅާނެ ރީތި ކެވެލިގަނޑެއްހާ އެއްޗެއްވެސް މުޅި މާލެ ބެލިއިރު ނުލިބުނު ކަންވެސް ބުންޏެވެ.

“ނީލްއަށް ވުރެ މޮޅަށް މިގޭގަ އެއްޗެހި ގަންނަން އެނގޭ މީހަކު ނުހުންނާނެ، ނާއިލްގެ ކައިވެނި ކުރުމުގެ ކުރިން އޭނަ މާލެ އަންނާނެ ވާހަކަ މިއަދު އަހަރެން ގުޅީމަ ބުނި، އޭނަ އަންނައިރު ނާއިލްއަށް ރީތި ސޫޓެއްވެސް ގެންނަގޮތަށް ހަމަޖެއްސީ، އަހަރުމެން ރާއްޖޭން ބޭރަށްގޮސް ވިޔަފާރިކުރަން ދުވަސް ބޭނުންވާނެ، އެކަމަކު އެހާ ވަގުތެއް މިހާރަކު ނެތެންނު، ނީލް ކައިރީ ސަމީރާ ބުނަންވީނު ޝަބާއަށް ކަމުދާނެކަހަލަ އެއްޗެހި އެކޮޅުން ގެންނަން” އަސްލަމް ސަމީރާ އާއިއެކު ކޮޓަރިއަށް ވަންނަވަމުން ބުނުއްވިއެވެ. އެގޮތް ސަމީރާއަށް ވަރަށް ކަމުދިޔައެވެ.

ފުރޮޅުލީ ގޮނޑީގައި އިން ނާއިލްގެ ބޯވަނީ ގޮނޑީގެ ފަހަތަށް ދޫކޮއްލެވިފައެވެ. ނަޒަރުވަނީ މަތީ ސީލިންގަށް ހުއްޓިފައެވެ. ކޮޓަރިއަށް އެޅިފައިވާ އަލި މަޑުމަޑުން ފަނޑުވަމުން ދާތަން އެނައަށް ފެނި އިރުއޮއްސެނީކަން ޔަގީންވިއެވެ. އެހެންނަމަވެސް އިންގޮތަށް ބުއްދެއްހެން އޭނާ އިނީއެވެ. އަދި އޭނަގެ ބަދުނަސީބު ހަޔާތާމެދު ފިކުރު ހިންގަމުންދިޔައެވެ. އޭނަގެ ލޯތްބާއި ހިތްހަމަޖެހުމާއި ދޭތެރެއަށް ވަނީ އޭނަގެ ނުކުޅެދުންތެރިކަމެވެ. މިއަދު އޭނަ އެހާލުގައި އިންނަން ނުޖެހުނުނަމަ… އެދުވަހު އެހާދިސާ ނުހިނގިނަމަ، ނާއިލްއަކީ ދުނިޔޭގައި ހުރި އެންމެ ނަސީބުވެރި ފިރިހެނާކަމުގައި ވީހެވެ. އަންހެން ކުދިން އެމީހުންގެ ފުރަތަމަ ނަޒަރުންވެސް އޭނައަށް ފިދާވެދެއެވެ. ނާއިލްގެ ކޮންމެ އިޝާރާތަކަށް އެމީހުން ކަޅިއަޅައެވެ. ނަވާލްއަށްވުރެވެސް ރީތިކަމުގެ ގޮތުން އަރާހުރި ފުރިހަމަ ޒުވާނެކެވެ. އެންމެ ހީނލުމަކުން އެތަށް ހާސްކުދިންނެއްގެ ހިތްތަކަށް ތޫނު ހަންޖަރުގެ ހަމަލާތަށް ފޮނުވާލައެވެ. ޒުވާންކަމުގެ ޖޯޝާއި އުފާ ހާޞިލްކުރަމުންދިޔައީ މިނިވަންކަމާއިއެކުއެވެ. ވަޒީފާއަކަށް ނުދިޔަ ކަމުގައިވިޔަސް ލޯބިވާ މައިންބަފައިންވަނީ އެމީހުންގެ ދަރިން އުފަލުގައި އުޅެވޭނޭވަރަށް ފައިސާއެއްކޮފައެވެ. އަދި ޚާއްޞަކޮށް ނާއިލްއަކީ ސަމީރާގެ ހިތުން ވަރަށް ޚާއްޞަ މަގާމެއް އަތުލައިފައިވާ ދަރިއެކެވެ. އޭނަގެ އުފަލަށްޓަކައި ސަމީރާ ކޮންމެފަދަ ގުރުބާނީއެއްވެސް ވެދާނެކަން ހުދު ނާއިލްއަށް އެނގެއެވެ. މަންމަގެ ހިތުގައި ޖެހޭފަދަ ކަމެއް ކުރަން ނުކެރެނީވެސް އެހެންވެއެވެ.

އަދިވެސް ނާއިލްގެ ސިކުނޑީގައި މަނާރްގެ ހިޔާލުތައް ބިންވަޅުނެގިފައިވެއެވެ. އޭނައަށް ފިދާވަމުންދިޔަ އެތަށް ހާސް އަންހެން ކުދިންނެއްގެ ތެރެއިން އޭނަގެ ހިތުގައި ނޭގޭ ވިންދެއް އެކުއްޖަކާއިމެދު ޖަހާލި ހަމައެކަނި ކުއްޖަކީ އެއީއެވެ. ނާއިލްއަށް އެންމެ ފުރަތަމަ މަނާރް ފެނުނު ވަގުުތުވެސް ބުނެދޭން ނޭނގޭ އެތަކެއް އިޙްސާސްތަކެއް މުޅި ހަށިގަނޑުގައި ކަރަންޓުގެ ރާޅެއްހެން ދުވެލިއެވެ. އެދުވަހަށްފަހު އެރީތި އަންހެން ކުއްޖާ ދެކިލަން އޭނަގެ ހިތް އެދެންފެށިކަމީވެސް އަޖައިބެއްކަހަލަ ކަމެކެވެ. މިވެވެނީ ލޯބިކަން އެނގުނީ މާފަހުންނެވެ.

ހިޔާލުތަކުގެތެރެއަށް ފީނިވަރަކަށް މަންޒަރުތައް ސާފުވެ ލޮލަށްފެންނަމުންދިޔަ ނާއިލްގެ ދެލޯވަނީމެރިފައެވެ. ކުއްލިއަކަށް ސިހުނީ މަނާރްގެ ހިޔާލުތަކުގެ ތެރެއިން އޭނަގެ ހުނުމުގެ އަޑުކަންފަތުގައި ޖެހުނުހެން ހީވެގެންނެވެ. އަޑުއިވުނު ދިމާލަށް ބޯއަނބުރާލެވުނުއިރު މީކާ ހެނމުން ހެނމުން ކޮޓަރިއަށް ވަންނަނީއެވެ. އޭނާ އައީ އިރުއޮއްސޭތީ އެ ކޮޓަރީގެ ބޮކިތަށް ދިއްލުމަށެވެ. މަޑުން މަޑުން ދެލޯ މަރާލާފައި ހުޅުވާލި ނާއިލް ފުންނޭވާއެއް ލިއެވެ.

ޝަބާއަށް ދުވަސް ނިމިގެންދިޔައީ އެހެންދުވަސް ދުވަހެކޭވެސް އެއްގޮތަށެވެ. ނިދެނީ ހަށިގަނޑު ވަރިބަލިވެ ދެލޯނުހުޅުވޭވަރު ވުމުންނެވެ. އަދިވެސް ކޮޓަރީގައި އޮންނަން އޭނައަށް އުނދަގުލެވެ. ރާއިދުގެ ހިޔާލުތަކާއި ވަކިވުމަކީ އޭނައަށް ވާނޭވަރުގެ ކަމެއްނޫނެވެ. އެއީ އެހިޔާލުތަށް ސިކުނޑިއަށް ވެރިނުވާ ރެއެއް ނުދާތީއެވެ.

* * * * * * * * *

ކިތަންމެ ލަހުން ނިދިޔަސް ޝަބާއަށް ފަތިހު ފަހެއްޖަހާއިރު ހޭލެވޭނެއެވެ. އެހޭލާގޮތަށް އޭނަގެ ދުވަސް ފެށުނީއެވެ. އޮފީހަށް ދާންވާއިރަށް އޭނަ ބަދިގެއަށް ގޮސް ފެންހޫނު ކޮއްލީ އާދައިގެ މަތިން ކޮފީ ތައްޓެއް ބޯލައިގެން ދިއުމުގެ ގަސްދުގައެވެ. ފެން ހޫނުވާންވާއިރަށް މަގަކަށް ކުޑަކިރުކޮޅަކާއި ކޮފީކޮޅެއް އަޅާ ތައްޔާރުކޮއްލައިފިއެވެ. ޝަބާއަކީ ކޮފީއަށް ހަކުރު އަޅައިގެން ބޯ ކުއްޖެއްނޫނެވެ. ރީތިވެލައިގެން އިން ޝަބާ ކާމޭޒުގެ ގޮނޑިއެއްގައި އިށީނދެލައިގެން ފެން ކެކޭނެ އިރެއްގެ އިންތިޒާރުގައި އިންއިރު އޭނަ ވިސްނަމުން ދިޔައީ ސަމީރާ އާއިމެދުއެވެ.

“ސަމީރާއަކީ ވަރަށް ރަނގަޅު މަޔެއް، އެކަމަކު އަހަރެން އެގެއަށް ދިއުމުން އޭނަ ކަންތައްކުރާނެ ގޮތެއްނޭނގެ… އެގޭގަ ނޫޅޭނެ ކަންނޭނގެ އަހަންނާ އަނގައިން ބުނެލާނެ މީހަކުވެސް، އަހަރެން އޮފީހުންވެސް ކެނޑެން ކަންނޭގެ ޖެހޭނީ، ނޫން، މިފަހަރު އެހެންވިޔަކަ ނުދޭނަން، ކައިވެނި ރޫޅޭނީ ކޮންއިރަކު ކަމެއްނޭނގޭނެ، އަދި އަމުދުން ނުވެސްދަންނަ ދެމީހުން ކައިވެނިކޮއްގެން މާގިނަ ދުވަހަކު ނޫޅެވޭނެ، ވަރިކޮއްލީމަ އަހަންނަށް ޖެހޭނީ އަހަރެންގެ ގެއަށް އަންނަން، ދެވަނަ ފަހަރަށް ބިކަވާކަށް ބޭނުމެއްނޫން، އަހަރެންގެ މިވަޒީފާ ދުލެއް ނުކުރާނަން އެމީހުން ބުންޏަސް…” ފެންކައްކާ ޖަގުގެ ސްވިޗު ނިވުނު އަޑު ޝަބާއަށް އިވުމާއިއެކު ހިޔާލުތަކުގެ ތެރެއިން ނުކުމެގެން އައިސް އޭނަގެ ކޮފީތަށި ގިރަން އުޅުނެވެ.

ހެނދުނުގެ ނާސްތާއަށްފަހު ސަމީރާ އޭނަގެ ގަސްތަކަށް ފެންދިނުމާއި ގަސްކާނާ އެޅުމާއިއެކު މިކަހަލަ މަސައްކަތްތަކުގައި މަސްޢޫލުވެގެން އުޅުނެވެ. މަންމަގެ ހަރަކާތްތަކަށް ބަލަން ނާއިލް ދުރުގައި އިނެވެ. ނާއިލްއަށް ދިމާވި ހާދިސާއަށްފަހު އޭނަގެ އެކަނިވެރިކަން ކުޑަކުރުމަށްޓަކައި އެތަނަށް އޭނަ ގެނައުމަކީ ސަމީރާ ވިސްނިވިސްނުމެކެވެ. އޭނަ ގަސްތަކުގެ މަސައްކަތުގައި އުޅޭއިރު އޭނަ ފެންނަ ހިސާބުގައި ނާއިލް އިނުމީ އޭނަގެ އެކަނިވެރިކަންވެސް ފިލާ ކަމެކެވެ.

“ދަރިފުޅަށް އެނގޭތަ، މަންމައަށް ފުރަތަމަ ފަހަރަށް ދަރިފުޅުގެ ބައްޕަ ފެނުމުން ދުވެފިލީ، އެއީ މަޖާދުވަހެއް، އެނގޭތަ ކީއްވެކަން” ސަމީރާ ކުޑަކޮށް އިށީނދެލައިގެން އިނދެ ޕޮޓެއްގައި އިންދާފައި ހުރި ގަހެއްގެ ދޮންވެފައި ހުރި ފަތްތައް ނައްޓަމުން ވާހަކަދެއްކިއެވެ. އޭނައަށް ނާއިލް މަޑުމަޑުން ދެފަރާތަށް ބޯތަޅުވާލިތަން ފެނުމާއިއެކު އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ.

“އެދުވަހު މަންމަމެންގެ ރަށަށް ޒުވާންފިރިހެން ގްރޫޕެއް އައިސްގެން ރަށުގެ ޒުވާންފުރައިގެ އަންހެން ކުދިން އަތިރިމައްޗަށް ދިޔައީ އެއީ ކޮންބައެއްތޯ ބަލަން،  އޭރު ބަނދަރު އެއްކޮށް ހަދާނުނިމޭތީ އެންމެންވެސް އަތިރިމައްޗަށް ފޭބީ ބޮއްކުރާގަނޑެއްގަ، ފަސްވަރަކަށް މީހުންގެ ގުރޫޕެއް އެއީ، ކަތީބު ހުންނެވި އެތަނުގައި އެމީހުންނަށް މަރުޚަބާ ކިޔުއްވަން، އެކަމާހެދި މަންމަހުރީ ވަރަށް ބިރުން، މަންމަ އާއި މަންމަގެ ރަޙުމަތްތެރިން އެމީހުންގެ ބޯކޮޅު ބަލަމުން ދަނިކޮށް އެމީހުންނަށް މިކަން އެނގިފަހަތަށް އެނބުރުނު ގޮތަށް ފަހައިގެންފި، އެއާއިއެކު ހުރިހާ ރަޙުމަތްތެރިން ހެމުންހެމުން ދުއްވައިގަތީ، މަންމައަށް ވީގޮތަކީ ދުއްވައިގަންނަން އުޅުނު ވަގުތު އަނގަވަތަށް ވެއްޓިއްޖެ، ވީގޮތެއް ނޭނގުނު… މަންމަނެގީ ކާކުކަން އެނގޭތަ… ދަރިފުޅުގެ ބައްޕަ، މަންމައަށް ކޮޅަށް ތެދުވެވުނު ކަމެއްނޭގެ އަނެއްކާވެސް ދުއްވައިގަންނަން މަސައްކަތް ކުރީ، އެދިޔަގޮތަށް އަވަހަށް ގޮސް ގެއަށްވަނީ، ރަށުގެ ބޮޑުކަތީބަކީ ދަރިފުޅުގެ ކާފައަށްވެފައި އޭރު ގޭގައި ހުސްކޮޓަރިތައް ބައިވަރު ހުރުމުން އެމީހުން ތިބީ މަންމަމެންގެ ގޭގަ،  ދަރިފުޅަށް އެނގޭތަ، ބައްޕަ މަންމަގެ ކައިވެންޏަށް އެދުނު އިރު ދެމީހުންނަކީ ދެބީރައްޓެހިން، ދަރިފުޅުގެ ބައްޕަގެ ގޮތެއްވެސް މަންމައަކަށް ނޭނގޭ، މަންމައަށް އޭރު ނަވާރަ އަހަރުވެފައި، ތަންދޮރުވަކިވާވަރުވެފައި ހުއްޓަސް، ދަރިފުޅުގެ ބައްޕަ އާއި ކައިވެނި ނުކުރަން ވަރަށް ބަހަނާދެއްކިން، ދަރިފުޅުގެ މާމަ ގާތުގައި ވަރަށް ރުއިން، ވަރަށް ބިރުވެސް ގަނެފަހުރީ…އެކަމަކު މިއަދު މިހިސާބަށް މަންމައަށް މިހިރީ އާދެވިފަ ހަމަ ދަރިފުޅުގެ ބައްޕަ އާއިއެކު، ދަރިފުޅުގެ ބައްޕަ ކަހަލަ އޯގާތެރި ކެތްތެރި ހިތްވަރުގަދަ މީހަކަށް ދަރިފުޅުވެސް ވާން މަންމަ ބޭނުން، ބައްޕަ ފަދަ ހަރުދަނާ މީހަކަށް ދަރިފުޅުވައްޗޭ، ޝަބާއަށް މިމާހައުލަކީ މުޅިން އައު މާހައުލެއް، ދަރިފުޅުގެ އެއްބާރުލުން އޭނައަށް ބޭނުންވާނެ، އެދުވަހު މަންމަ ބިރުގަނެ ޖެހިލުންވި ގޮތަށް ޝަބާވެސް ހުންނާނީ ދަރިފުޅުދެކެ ޖެހިލުންވެފައި، ހަމައެގޮތަށް މަންމައަށް އެނގޭ ނާއިލްވެސް ކައިވެންޏަކަށް ތައްޔާރެއްނޫންކަން، އެކަމަކު މީ ރަނގަޅު ނިންމުމެއް ކަމުގައި ދެކޭ… އުމުރު ތިގޮތުގައި ވޭތުކޮއްލުމުގެ ބަދަލުގައި ކޮންމެ ހާލެއްގަވެސް ދިރިއުޅުމާ ކުރިމަތިލާން މަސައްކަތް ކުރަންވާނެ، ހަޔާތުގެ ބައިވެރިއަކަށް ބޭނުންވަނީ ހަމައެކަނި ރީތި ސިފައެއް ލިބިފައިވާ އަންހެން ކުއްޖެއްނޫން، މަންމައަށް އެނގޭ ޝަބާގެ ތޮބީޢަތް އަހަރުމެން އެންމެނާ ތަފާތުވާނެކަން، އެކަމަކުވެސް… ވަގުތުޖެހޭއިރު ދަރިފުޅަށްޓަކައި ހުރިހާ އުފަލެއް ގުރުބާން ކުރަން ޖެހުނުކަމުގައި ވިޔަސް ޝަބާ ފަސްނުޖެހޭނެކަން މަންމައަށް އެނގޭ، އެއީ އެވަރުގެ އަންހެން ކުއްޖެއް… ރީތި ޖަވާހިރެއް، ޖަވާހިރަކަށްވަނީ ކިހިނެއްކަން ދަރިފުޅަށްވެސް އެނގޭނެ، އެންމެ ފުރަތަމަ ފެންނައިރު އޭގައި ވިދުމެއްނުވާނެ… ވަރަށް ކެތްތެރިވާންޖެހޭނެ، ތިދެކުދިން އެކަކު އަނެކަކަށް އެހީވެގެން ނޫނީ ދިރިއުޅުން ކުރިއަކަށް ނުގެންދެވޭނެ، މަންމަގެ ހުވަފެނަކީ ނާއިލް މީހަކާ އިނދެގެން އުފަލުގައި އުޅޭތަން ދެކިލުން، މަންމައަށް މާމަ ކިޔާނެ ލޯބި ލޯބި ކުދިންކޮޅެއް މިގޭތެރޭގައި އުޅޭތަން ދެކިލުން” ސަމީރާ އެކިއެކި މަސައްކަތުގައި އުޅުނުއިރުވެސް އޭނަގެ ދޫ ބަރާބަރަށް ހަރަކާތްތެރިވަމުންދިޔައެވެ.

“މަންމާ، ޝަބާ އަޅުގަނޑު ބަލައިނުގެންފިއްޔާ…” ނާޢިލް ސަމީރާއަށް ބަލަހައްޓައިގެން އިނދެ ބުންޏެވެ.

“އެހެނެއްނުވާނެ، ވަފިއްޔަތައަށް މަންމަ ހުރިހާ ވާހަކައެއް ކިޔާދިނީމޭ، ޝަބާއަށްވެސް ހުރިހާ ކަމެއް އެނގި ހުރެ މިކައިވެންޏާއި އެއްބަސްވީ، އެހެންވެޔޭ މަންމައަށް ޔަގީންވަނީ ޝަބާއަކީ އަޙްލާގު ރަނގަޅު ކުއްޖެއްކަން” ސަމީރާ އަތަށް ލައްވާފައި އޮތް އަންގި ނައްޓާލަމުން ނާއިލް އާއި ދިމާލަށް އެނބުރުނެވެ.

“އަޅުގަނޑަށް މިވަރު ވެފަހުއްޓަ އެކަކުވެސް އެއްބަހެއްނުވާނެ، މަންމައަށް ނުވިސްނޭތަ، ޝަބާ އެއުޅެނީ އަޅުގަނޑުމެންގެ މުއްސަނދިކަން ބޭނުންވެގެން، އަޅުގަނޑަށް އެނގޭ މަންމަ އަޅުގަނޑުގެ އުފަލަށްޓަކައި މިހުރިހާ އެއްޗެއްވެސް ދޫކޮއްލައްވަ ފާނެކަން، އެކަމަކު އެއީ އެއްވެސް ގޮތެއްނޫނެންނު، އެފަދަ ގޮތަކަށް ކައިވެނި ކުރާކަށް އަޅުގަނޑު ބޭނުމެއްނޫން” ނާއިލް ކޮންމެވެސް ވަރަކަށް ހިތުގައި ވާއެއްޗެއް ފާޅުކޮއްލިއެވެ.

“ހެޔޮވެސް ނުވާނެ ތިކަހަލަ އެއްޗެއް ބުނަން، ނާއިލް، ދަރިފުޅު ތިކަހަލަ ވިސްނުމެއް ގެންގުޅެދާނެއެކޭ މަންމަ ހީވެސްނުކުރަން، ޝަބާއަކީ ފައިސާއަށް ހެއްލޭނެ ކުއްޖެއްނޫން، މިކައިވެނީގެ ބަދަލުގައި އެއްވެސް އެއްޗަކަށް އޭނަ ނޭދޭ، ކައިވެނީގެ ހުރިހާ ހަރަދެއް ބަލަހައްޓަން ނިންމެވީ ހުދު ދަރިފުޅުގެ ބައްޕަ، ބައްޕަ ބުނުއްވީ ޝަބާ އާއި ނާއިލްއަށްވެސް ހަރަދުކުރައްވާނީ މިއާއިލާއިން ކަމުގައި، އަށާރައިގަ ކައިވެނި ހަމަޖެހިފަ އޮތްއިރު، އެދުވަހު ލާނެ ސޫޓު ގެންނަނީ ނީލް، ދަރިފުޅުގެ ކައިވެންޏަށް ވާއިރަށް މާލެ އަންނާނެ ކަމުގައި ނީލްވަނީ ބުނެފަ” ސަމީރާ ދެއަތް ފޮޅާލުމަށްފަހު އެއްފަރާތުގައި ހުރި ސިންކުން އަތްދޮވެލައިގެން ނާއިލްއިން ގޮނޑީގެ އަތްގަނޑުގައި ހިފާ ކޮއްޕާލިއެވެ. އަދި މަޑުމަޑުން ގޮނޑި ދުއްވަމުން ގެނެސް ނާއިލްގެ ކޮޓަރިއަށް ވަނެވެ.

ނާއިލު އިތުރަށް އެއްޗެއް ބުނަން ބޭނުންނުވީ ސަމީރާ އާއި ދެބަސްވާން ބޭނުންނުވާތީއެވެ. އެކަމަކު އޭނަގެ މަންމަ ބުނާހެން ޝަބާ އާއިއެކު ދިރިއުޅުމައިގެން ކުރިއަށް ދާން މަސައްކަތް ކުރާނެ ގޮތެއް އޭނަގެ ސިކުނޑިއަކަށް ނުވިސްނުނެވެ. އެއްވެސް ވަރަކަށް އޭނަ ޝަބާ އާއި ގަޔާނުވާއިރު އެފަދަ މީހަކާ އިނދެގެން އެއްކޮޓަރިއެއްގެ ތެރޭގައި އުޅުންވެސް ނާއިލަށްވާނީ ބޮޑުކަމަކަށެވެ. ހިތުގެ އުދާސްތައް ހިންދާލުން ނޫންގޮތެއް މިވަގުތު ނާއިލަކަށްނެތެވެ.

“ހެލޯ…” ވަފިއްޔާ އޭނާގެ ފޯނު ނަގާ ކަންފަތުގައި ޖަހާލިއެވެ.

“ވަފިއްތާ، މީ ފަރުޝާ، މިގުޅާލީ ވާހަކައެއް އަޑުއިވިގެން” ފޯނުން ވަފިއްޔާގެ އެއްބަނޑު އެއްބަފާ ދައްތަގެ ދޮށީދަރިފުޅުގެ އަޑުއިވުނެވެ.

“ފަރުޝާ، ކިހިނެއްވީ؟” ވަފިއްޔާ ހައިރާންވެފައި ސުވާލުކޮއްލިއެވެ.

“ތެދެއްތަ، އަހަރުމެންގެ ޝަބާ އާއި މިއުޅޭ ސަމީރާމެންގެ ހުންނަ ނުކުޅެދޭ ކުއްޖާ އާއި ކައިވެނި ކުރަނީތަ” ފަރުޝާ އޭނައަށް އެނގޭ އެއްޗެއް ޔަގީންކުރަން ބޭނުންވާ ކަހަލައެވެ.

“ތީ ކާކު ދެއްކި ވާހަކައެއް” ވަފިއްޔާ ފަރުޝާ ބުނިއެއްޗަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ކުރީ ސުވާލެކެވެ. ވަގުތުން އޭނަގެ އަޑުގައި ކަންބޮޑުވެފައި ހުރިގޮތް އެކުލެވިގެން ދިޔައެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *