LOABIVAANAMEY [EP.05]

“ޔޫ ޝުޑް ގެޓް ސަމް ސްލީޕް.” ފަރުވާތެރި ބެލުމަކުން ބަލަން ހުރެފައި އަރްކާން ބުންޏެވެ.

ހައިރާންކަން އައިލީނަށް ލިބުނެވެ. އެ އަޑުގައި އަމުރުވެރިކަމެއް، ގަދަވެގަތުމެއް ނެތެވެ. އައިލީންގެ ހާލާމެދު ފާޑުކިޔުމެއް، ނިޔާއިއްވުމެއްނެތެވެ. ހަމްދަރުދީގެ ބަދަލުގައި އެ އަޑުގައިވީ ކަންބޮޑުވުމެވެ. އައިލީނަށް ދޭހަކުރަން އުނދަގޫވީ އެހެންވެ އެވެ.

“ސޮރީ.” އައިލީނަށް އަނެއްކާ ވެސް ބުނެވުނެވެ.

“ކޮންކަމަކާ؟.” އަރްކާން އަހާލި އެވެ.

——————————-

( 12 އޮކްޓޯބަރ 2026 އާ ގުޅޭ )

“ޕާޓެޝަންއެއްކަމެއް ނޭގޭ… އަޑު އައި ގޮތުން އެނގުނީ.” މަޑުމަޑުން އައިލީން ބުނެލިއިރު އެ އަޑުގައި ޖެހިލުންވުމާއެކު އެހެން އަސަރެއް ވެސް ވިއެވެ.

“ރައިޓް… އެރޭ އަސްލު…” އަރްކާނަށް ކަނދުރާމަތީ ކަނާއަތް ހިންގާލެވުނެވެ. އޭނާގެ ވާހަކަ ފުރިހަމަ ނުކުރެވެނީސް އައިލީން ވާހަކަދެއްކި އެވެ.

“އެހެންވެއެއްނޫން… އާންމުކޮށް މީހުން ހަޅޭލަވައިގަންނާނީ. އެއްޗެހި ގޮވަނީ.” އައިލީނަށް ބުނެވުނެވެ.

“އަހަރެންނަކީ އެހެންމީހުން ކަހަލަ މީހެއްނޫން.” އަރްކާން ވަގުތުން ބުނެލި އެވެ. އެއާއެކު އައިލީންގެ ނަޒަރު އަރްކާނަށް ހުއްޓާލެވުނެވެ. އޭނާ އެހެން އެބުނީ ކޮންމާނައެއްގައި ކަމެއް އައިލީނަށް ދޭހަނުވީ އެވެ. އަރްކާންގެ މޫނުމަތިންނާއި އެ ދެ ލޮލުން އެއްވެސް އެއްޗެއް ނަގައިގަންނާކަށް އައިލީނަކަށް ނޭނގުނެވެ. އެހެންވިޔަސް އައިލީންގެ ހިތަށް އެބުނި އެއްޗެއް ކޮންމެވެސް ވަރަކަށް ޤަބޫލުކުރެވުނެވެ. އަރްކާނަކީ އެހެން މީހުން ފަދަ މީހެއްނޫންކަމެވެ. ބަޔާންކުރާން ނޭނގޭ ތަފާތުކަމެއް އަރްކާންގެ ހުރިކަމެވެ.

“ސްޓިލް… ތެންކިޔު. ޔޫ ޑިޑިންޓް ހޭވް ޓު ޑޫ ދެޓް.” އަރްކާންގެ ތޫނު ދެ ލޮލާ ނަޒަރު ވަކިކޮށްލަމުން އައިލީން ބުންޏެވެ.

“އައި ނޯ” އަރްކާން ބުންޏެވެ. އައިލީން އިޝާރާތް އެކުރީ ކޮންކަމަކަށްކަން އޭނާ ދެނަހުއްޓެވެ.

ދެމެދަށް ވެރިވެގެން އައި ހިމޭންކަން އައިލީނަށް އުނދަގޫ ކުރުވި އެވެ. އިތުރަސް ދައްކާނޭ ވާހަކައެއް ވެސް އައިލީންގެ ނެތެވެ. އަނެއްކޮޅުން އަރްކާން ހިނގައިނުގަނެ ހުރީމަ އެވެ. އޭނާގެ ދިގު އިސްކޮޅާއި ފުޅާ ދެކޮނޑާއި ވަރުގަދަ ދެ އަތުން ގަސްދަކާނުލާ ވެސް މީހަކަށް ގެއްލުމެއް ދެވިދާނޭކަން އައިލީނަށް ޤަބޫލުކުރެވެ އެވެ. އެހެންވިޔަސް އޭނާ އަޖައިބުވަނީ އެ ބޮޑު މީހާގެ ފުށުން ފެންނަ މަޑުމައިތިރިކަމެވެ. ފިރިހެންވަންތަ ބަރު އަޑެއް ލިބިފައިވީ ނަމަވެސް ވާހަކަދެއްކުމުގައި އަޑުގައި ގެންގުޅޭ ހިމޭންލުއިކަމެވެ.

ދެ ޒުވާނުން ހައިރާންކޮށްލީ އަމާރާ އެވެ. އެކުއްޖާގެ އަމިއްލަ ބަހުރުވައަކުން އެއްޗެކޭ ބުނެލުމާއެކު އަރްކާނަށް އެއް އަތް ދިއްކޮށްލި އެވެ. އަރްކާން ދެބުމަ ހިއްލާލި އެވެ. އެކުއްޖާ ދެވަނަ ވާހަކައެއް ވެސް ބުނެލައިފި އެވެ.

“ހާއި… ވަޓް ޝުޑް އައި ކޯލް ޔޫ؟.” އަރްކާން އަހާލި އެވެ. އަމާރާ ދެ ލޯ ބޮޑުކޮށްލި އެވެ. އައިލީނަށް ބަލާލި އެވެ.

“ޕީޗީ… ޕީޗް…” އަރްކާން މިހެން ބުނެލުމާއެކު އަމާރާ ނިކަން ބޮޑަށް ހިނިތުންވެލައިފި އެވެ. އެކުއްޖާގެ ދަތްނެތް ހިރުގަނޑު ދައްކާލިއިރު ހީވީ އަރްކާން ދިން ނަމާ އޭނާ ނުހަނު ގަޔާވެއްޖެ ހެންނެވެ.

“އިޓް ސޫޓްސް ޔޫ.” އަރްކާން ބޯތިރިކޮށްލައި އަމާރާއާ އެއްހަމައަށް ގުދުވެލައިގެން ހުރެ ލަސްގޮތަކަށް ދެ ލޯ މަރާލައި ހުޅުވާލި އެވެ.

ހައިރާންވެފައި އައިލީނަށް ހުރެވުނީ އެވެ. އަމާރާއަކީ ނުދަންނަ މީހުންނަށް ސަމާލުކަން ދޭ ކުއްޖެއް ނޫނެވެ. އޭނާއަށް ނޭނގޭ މީހަކު އުރާލަން ވެސް އެއްބަސްނުވާނެ އެވެ. ވަގުތުން ރޯންފަށާނެ އެވެ. ގިނަވަގުތު އެކުއްޖާ ބޭނުންވާނީ އައިލީންގެ ގައިގާ ތަތްވެގެން އުޅޭށެވެ. ނަމަވެސް އަރްކާން ފެނުމުން އަމާރާ އޭނާއަށް ވަރަށް ބެލި އެވެ. އައިލީން ސުވާލު އުފެދުނެވެ. އޭނާއަށް ނޭނގޭ ކަމެއް އެ ތުއްތު ދަރިފުޅު ދެނެގަތީބާ އެވެ. އެ ކުއްޖާއަށް އަރްކާންގެ ފުށުން ފެނުނީ ކޮންސިފައެއްބާ އެވެ.

“ދަނީ.” އިތުރަށް މަޑުކުރަން ބޭނުންނުވެގެން އައިލީން އަވަސްއަވަހަށް އެޕާޓްމެންޓަށް ވަނެވެ. އެ ދެމެދަށް އެކުވެރިކަމަށް ފުރުޞަތުދޭން އަދި އަވަހީ އެވެ. އަރްކާނަށް އިތުބާރު ކުރަންޖެހޭ ސަބަބެއް ވެސް ނެތީ އެވެ.

* * * * *

ކެފޭއަށް ވަދެގެން އައި ޒަހްރާނަށް ހަނާއަޅާލި ޒުވާނާ ފެނުނެވެ. އޭނާ އައިސް އިށީނީ އެ ޒުވާނާ އިން މޭޒު ދޮށުގަ އެވެ. ގޮނޑިއަށް ހަށިގނަޑު ދޫކޮށްލައިގެން އިން އެ ޒުވާނާ ސިދާވެލި އެވެ. ބޮއެ ނިންމާލި ސިނގިރޭޓުގެ ފިލްޓަރުބުރި އަޅިކެނޑި ތެރެއަށް ފިއްތާލާފައި ޒަހްރާނަށް ބަލާލި އެވެ.

“ނިކާލް. އަހަރެންގެ ނަންބަރުން ގުޅީ… އަހަރެން ފުޓޭޖުތައް ބެލިން. ފޮޓޯތައް ވެސް ގުރޫޕަށް ޝެއަރކޮށްފިން.” ނިކާލް ވާހަކަދައްކަމުން ދިޔައީ ސީރިއަސްކަމާއެކު އެވެ.

“ފެނިއްޖެތަ؟” ނިކާލްގެ ވާހަކަ ނުނިމެނީސް ކެތްތެރިކަން ކުޑަ ރާގެއްގައި ޒަހްރާނު ސުވާލުކުރި އެވެ.

“ނޯ ލަކް.” ދެފަރާތައް ބޯހޫރާލަމުން ނިކާލް ބުންޏެވެ.

“ކިހާދުވަހެއްވާނެ؟… އަހަރެން އެޑްވާންސް ދެއްކީ މިކަން ވީހާ ވެސް އަވަހަކަށް ކުރަން. ކައި ބުނި ނުވާނޭ ގިނަދުވަހެއް.” ޒަހްރާން ބުންޏެވެ.

“ބުނަން. އަހަރުން ވެސް މަސައްކަތް މިކުރަނީ. ކައިވާނަށް ވެސް އަޕްޓޭޑް ދެމުން މިދަނީ. މަގެއްގެ މަތިން ފެނުނަސް ވަގުތުން ނަގާނަން. އޭނާ އެރި ކާރު ހޯދައިފިން. އެކަމަކު އަހަރެމެންނަށް އެޕްރޯޗު ކުރެވޭކަށްނެތް. އެ ކާރުގެ ޑްރައިވަރަކީ ރިޓަޔާޑް ސިފައިންގެ މީހެއް. އެމް.އެން.ޑީ.އެފްގެ މަތީ މަޤާމެއްގައި ހުރެފައި ރިޓަޔާޑް ވެގެން މިހާރު ޓެކްސީ ދުއްވަނީ. އެހެންވެ… އެހެންގޮތެއް ހޯދަން ޖެހުނީ.” ނިކާލް ތަފްޞީލްކޮށްލީ ޒަހްރާނަށް ނޭނގޭ ހުރަސްތަކެއް ހުރި ކަމެވެ. ނަމަވެސް ޒަހްރާނަށް އެ ވާހަކައިން ދޭހަވީ މުޅީން އެހެން މާނައެކެވެ.

“އޭނާގެ އެހީތެރިކަމާއެކުތަ އައިލީން ދިޔައީ؟.” ޒަހްރާނަށް ނިކަން އަވަހަށް އަހާލެވުނެވެ.

“އެހެން ބުނެފިންތަ؟. އޭނާ ދިޔަތާކަށް ދިޔައީ މިބުނާ ސިފައިންގެ މީހާ ދުއްވާ ޓެކްސީގައޭ. އޭނާއަށް ޔަޤީނުން ވެސް އެނގޭނެ ކަލޭގެ އަންހެނުން ދިޔަތަނެއް. އެ ޓެކްސީއިން ފޭބި ލޮކޭޝަން އެނގެނިކޮށް ވަރަށް ބޮޑުތަން ފަސޭހަވީ… އެކަމަކު އެ ހޯދަން އުނދަގޫވެގެން މިއުޅެނީ. އަސްލު، ކަލޭގެ ނަސީބަށްވުރެ، ކަލޭގެ އަންހެނުން ނަސީބުގަދައީ… އެ ސިފައިންގެ ގޮލަޔަކީ ނިކަން ގޮތެއްގައި ހުންނަ މީހެއް. އޭނާ ފައިސާއަކު ނުހިފާނެ. އެއީ ހުދު ކަރުދާހެއް… އަނެއްކާ އޭނާގެ ބޮޑުދަރިއަކީ ފަނޑިޔާރެއް. ގެޓުތަ ބްރޯ.” ނިކާލް ކުރިޔަށްވުރެ ވެސް ތިލަކޮށްލީ އެވެ.

މޭޒުމަތީ ބާއްވާލައިގެން އިން ދެއަތް މުއްކަވާ ބާރުކޮށްލުމާއެކު ޒަހްރާނަށް ޗަސް ޖަހާލެވުނެވެ. ކުރިއެރުމެއް ނުލިބި ހުސްއަތާ ދާން ޖެހުމުން ޒަހްރާނަށް އިންތިހާ ނުތަނަވަސްކަން ލިބުނެވެ. މަންމަގެ ފިއްތުންތަކުން އޭނާއަށް ހަމަނޭވާލާން ދަތިވެފައިވެ އެވެ. މިވީ ގޮތުން މަންމަގެ ރުޅި ފިންޏެއްނުވާނޭކަން ޒަހްރާނަށް އެނގެ އެވެ.

ދުއްވަމުން އައި ކަޅުކުލައިގެ “ވޮލްވޯ- އެސްޔޫވީ” އުސްއިމާރާތުގެ ތިރީގައި ހަދާފައިވާ ޕާކިން ސަރަޙައްދަށް ވަދެގެން އައެވެ. ޕާކުކޮށްލުމަށްފަހު އެ ކާރުން ފޭބީ ޒަހްރާނެވެ. ދެބުމަ ކައިރިކޮށްލެވިފައިވާއިރު ކޮންމެވެސް ފިކުރެއްގައިކަން ހުރީ އެ މޫނުން ފާޅުވެ އެވެ. ޒަހްރާނު އައިސް އިމާރާތުގައިވާ އޭނާގެ އެޕާޓްމެންޓަށް ދިއުމަށް ލިފްޓަށް އެރި އެވެ. ފަޓުލޫނުގެ ދެ ޖީބަށް އަތްޖަހާލައިގެން ހުރިއިރު އެ ހަށިގަނޑުގެ ސީދާކަން ފާޅުވެ އެވެ.

“އެލް…” މަޑުމަޑުން ޒަހްރާނަށް ކިޔާލެވުނެވެ.

އެޕާޓްމެންޓަށް ވަދެ ދޮރު ލައްޕާލުމާއެކު ޒަހްރާނަށް ހުއްޓެވުނެވެ. އެތަނަށް ވެރިފައި އޮތް ހިމޭންކަން ޒަހްރާނަށް ފާހަގަވެ އެވެ. ހަރަކާތްތައް ލަސްވެފައިވާ މީހަކު ފަދައިން އޭނާ އައިސް ނިދާ ކޮޓަރިއަށް ވަނެވެ. ދޮރު މަތީ އެ ކޮޓަރިއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. ކޮޓަރީގައި ހުރި ބޮޑު އަލަމާރި ޒަހްރާނު ހުޅުވާލި އެވެ. އައިލީންގެ ހެދުންތައް އިހު ވެސް ހުރި ގޮތަށް ހުއްޓެވެ. ކޮޓަރިން ނުކުމެގެން އައިސް ބަދިގެއަށް ޒަހްރާނު ވަނެވެ. އެތަން ފެންނަނީ މީހަކު މިއިން ދުވަހަކު ބޭނުންކޮށްފައިނުވާ ފަދަ ތަރުތީބުކަމާއި ސާފުތާހިރުކަންމަތީ އެވެ. އައިލީން ނުކުމެގެން ދިއުމުގެ ކުރީން ތަންތަން ތަރުތީބުކުރެވިފައި ހުރި ގޮތަށެވެ.

“ޔޫ ޕްލޭންޑް ދިސް.” ޚިޔާލުތަކުގައި ހުރެ ޒަހްރާނަށް ބުނެވުނެވެ. އައިލީން އަވަސްއަރުވާލާފައި ގެއިން ފިލައިގެން ދިޔަކަމުގެ އެއްވެސް ނިޝާނެއް އޭނާއަކަށް ނުފެނެ އެވެ. ގެންދާނޭ އަގުބޮޑު އެތައް ސާމާނެއް އެބަހުއްޓެވެ. ނަމަވެސް އެއިން އެއްވެސް އެއްޗެއްގައި އައިލީން އަތްލާފައެއް ނެތެވެ. ކޮންމެ ދިމާލަކަށް ބަލާލިޔަސް ހީވަނީ އައިލީން އެނބުރި އައިސްދާނޭކަމުގެ އިޝާރާތް ކުރާ ހެންނެވެ.

އެޕާޓްމެންޓުގައި ހުރި ބޮޑު ސްޓަޑީއަށް ޒަހްރާނު ވަނެވެ. އެއީ ދަރިއަކު ލިބުމުގެ ކުރީން އައިލީން އެންމެ ގިނަ ވަގުތު ހޭދަކުރި ތަނެވެ. އެއްފަރާތުގެ އެއް ބިތާއި ކުރިމައްޗަށްވާހެން ހުރި ސީލިންގްއާ އެއްހަމައަކަށް ހަދާފައި ހުރި ދިގު ހަރުގަނޑު ވަނީ ފޮތްތަކުން ފުރިފަ އެވެ. ފޮތްކިޔަން އިންނާނޭ އަރާމު ބޮޑު “ރޮކިން ޗެއަރ”އެއް ހަރުގަނޑުތައް ކައިރީ އެއްފަރާތުގައި ހުއްޓެވެ. އޭގެ ތެރޭގައި މަޑުމަޑު މަހުމާގެ ކުޝަންތައް ހުއްޓެވެ. ގޮނޑީގެ ވައަތް ފަރާތަށް ވާހެން ތިރި ވަށް މޭޒެއް ހުއްޓެވެ. އަރިމަތީ އެ މޭޒުގައި ކޮފީޖޯޑު ބަހައްޓާލައިގެން، ގޮނޑިއަށް އަރައި ދެފައިވަށްކޮށްލައިގެން އައިލީން އިންނަ މަންޒަރު ޒަހްރާނަށް ސިފަވެގެން އައީ އިޚްތިޔާރަކާ ނުލަ އެވެ. އެއާއެކު އޭނާއަށް ކަނާއަތުން ނިތްކުރީގެ އެއްފަޅީގައި ހިފަހައްޓާލެވުނެވެ. ދެ ލޯ މަރާލުމާއެކު އޭނާ ދެފަރާތަށް ބޯ ހޫރާލި އެވެ.

“ފަހަރެއްގައި މީ އެންމެ ރަނގަޅުގޮތް ކަންނޭނގެ. އެލް… ތި ހުރިތަނެއްގައި ފިލާ ހުރޭ. ނަމަނަމަ މަށާ ހަމައަށް ނާންނާތި.” ޒަހްރާނަށް ބުނެވުނެވެ.

ސިކުނޑީގެ ހާސްކަން ކުޑަވޭތޯ ޒަހްރާނު ނުކުމެ މަޑުކޮށްލީ ބެލްކަނީގަ އެވެ. ހިމޭންކަމުގައި ދުރު ބަލަހައްޓައިގެން ހުރެފައި އޭނާ ދެ ލޯ މަރާލި އެވެ. ދެން މަޑުމަޑުން ލޯ ހުޅުވާލާފައި އޭނާ ނެގީ ޖީބުގައި އޮތް ފޯނެވެ. އޭނާ ފޯނުން ހުޅުވާލީ ފޮޓޯއެކެވެ. ކުޑަކުއްޖެއްގެ ފޮޓޯއެކެވެ. ވިހައިގެން ރަނގަޅަށް ކުއްޖާ ސާފު ވެސް ނުކޮށް އޮއްވައި ނަގާފައިވާ ފޮޓޯ އެކެވެ. ފުން ނަޒަރަކުން އެ ފޮޓޯއަށް ބަލަން ހުރެފައި އަނެއްއަތުގެ ޝަހާދަތް އިނގިލިން ފޯނުގެ އިސްކުރީނުގައި ޒަހްރާނު ފިރުމާލި އެވެ. އެ ކުޑަކުއްޖާގެ ގައިގާ ފިރުމާލި ފަދަ އެވެ. ކުއްލިއަކަށް އޭނާގެ ނިތަށް ގިނަވެގަތް ރޫތަކާއެކު ދެ ލޯ މަރާބާރުކޮށްލި އެވެ. ބޮލުގައި ހިފަހައްޓާލި އެވެ. އޭނާގެ ހިތަށް ކުޅަދާނަނުވީ ފަދަ އެވެ.

“ސްޓޮޕް އިޓް.” އަމިއްލަ ނަފްސާ ދިމާއަށް ޒަހްރާނު މިފަހަރު ބުނީ ހަރުކަށިކަމާއެކު އެވެ. އަތުގައި އޮތް ފޯނަށް ބާރުކޮށްލެވުނެވެ. އޭނާ ހަނދާންކުރަން ބޭނުންނުވާ ޚިޔާލުތަކެއް ސިކުނޑިއާއި ހިތުގައި ގިނަވެ ބޮނޑިވަމުން އައެވެ. އެފަދަ ޚިޔާލުތަކުން އޭނާ ބަލިކަށިވެދާނޭ ހީވަނީ އެވެ. އެއީ އޭނާ އެންމެ ބޭނުންނުވާ ކަންތަކެވެ. އޭނާގެ މައްޗަށް އިޙްސާސްތަކަށް ކުރިއެރިގެން ނުވާނެ އެވެ.

* * * * *

މޭޒުދޮށުގައި އިން އަރްކާންގެ އަތުގައިވާ އާފަލަށް ބަލާލުމަށްފަހު އޭނާ އެއިން އެތިކޮޅެއް ކާލި އެވެ. ޚިޔާލުތަކުގައި ވަކިހިއްޕާލައިފައިވީ އައިލީނެވެ. އޭނާއަށް އެ އަންހެންކުއްޖާގެ ޚިޔާލުތަކާއި ދުރެއް ނުވެވުނެވެ. ވިސްނެނީ އެވެ. އައިލީން ސިފަކުރެވެނީ ޝިކާރަވެރިއަކަށް ފިލަން ދުވާ ޅަފުއްލާއެއް ފަދައިންނެވެ. ފެންނަނީ އެފަދަ ސިހުންވެރިކަމެއްގައިވާ ޖެހިލުންވުމެކެވެ. އަރްކާނަށް ނުގޮތަކަށް ފިޔަވަޅެއް އަޅާލެވުނު ނަމަވެސް އައިލީން ފިލާ ރައްކާވީސްކަން ދެނަހުއްޓެވެ. އެ އަންހެންކުއްޖާއާ ކުރިމަތިލުމުގައި އަރްކާން އެހާ ފަރުވާތެރިވީ އެހެންވެ އެވެ.

މޭޒުމަތީ އަރްކާންގެ ކައިރީ އޮތް ފައިލް އޭނާ ހުޅުވާލި އެވެ. ބޭނުމަކަށްވީ އައިލީންއާ މެދު ހިތުގައި ހަމްދަރުދީ އުފެދޭނޭ ފުރުޞަތު ނުދިނުމެވެ. ފައިލުގައި ހުރި ކަރުދާސްތަކަށް އަރްކާން ސަމާލުކަން ހުއްޓާލި އެވެ. އޭގައި ހުރި މަޢުލޫމާތުތައް އޭނާ ކިޔަމުންދިޔައީ ވިސްނުންތެރިކަމާއެކު އެވެ. ހަނދާނަށް އެ މަޢުލޫމާތުތައް ރެކޯޑު ކުރާ ފަދައަކުންނެވެ.

ވަކި ހިސާބަކުން އަރްކާން ފުންނޭވާއެއް ދޫކޮށްލައި ފައިލް ލައްޕާލި އެވެ. ނޭފަތާއި ނިއްކުރި ގުޅިފައިވާ ހިސާބުގައި އޭނާގެ ވައަތުގެ އިނގިލިތަކުން ހިފަހައްޓާލެވުނެވެ. ބޮލުގައި ރިއްސައިގަތީ ކަހަލަ އެވެ.

“މަންމަ ހުރިނަމަ…” ދަތްކުނޑިވިކާލައިގެން އިން އަރްކާންގެ ހިތުން ބުނެލެވުނެވެ. ހަމަ އެހިނދުކޮޅުގައި އޭނާގެ ހިތަށް އެރި އެއްޗަކާމެދު ގަޔާނުވެގެން މީހާ ކޮޅަށް ތެދުވި އެވެ. އައިސްއަލަމާރިއާ ދިމާއަށް އޭނާ ހިނގައިގަތް ވަގުތު ފޯނު ވައިބްރޭޓްވާން ފެށި އެވެ. އެހެންވެ އެނބުރި މޭޒުމަތީ ބާއްވާލާފައި އޮތް ފޯނު ނެގި އެވެ.

“ކީކޭ އަސަލް.” ފޯނުކޯލު ނެގިގޮތަށް އަރްކާން ބުންޏެވެ.

“ހާދަ ގްރަމްޕީވެފަ.” އަސަލްއަށް ވަގުތުން އަރްކާނަށް ބަދަލެއް އައިސްފައި ހުރިކަން ނަގައިގަނެވުނެވެ.

“ނިދާފައޭ އޮތީ.” ކުޑަވެސް އަޅައިގަތުމަކާ ނުލާ އަރްކާން ދޮގެއް ހަދާލި އެވެ.

“ތީ ދޮގެއް… ކަނޑައެޅިގެން ބޮޑު ދޮގެއް.” އަސަލްއަށް ޔަޤީންވަނީ އެވެ. އަރްކާން “އައި ރޯލް” ކޮށްލި އެވެ. އެކުވެރިޔާއަށް އޭނާ އެނގެނީ މާބޮޑަށޭ ހީވާތީ އެވެ.

“ކޮންއިރަކުން ނުކުންނާނީ؟.” އަސަލް އަހާލި އެވެ.

“ނުނިކުންނާނަން.” އަރްކާން ޖަވާބު ދިނެވެ.

“ކޭވްގައި ފިލާ އޮންނަނީތަ؟.” އަސަލް ބުންޏެވެ.

“އައި ލައިކް މައި ކޭވް.” އަރްކާން ދެކޮޅެއް ނުހެދި އެވެ. އެއާއެކު އަސަލްގެ ނޯށުން ލައްވާލި އަޑެއް އިވިގެން ދިޔަ އެވެ. އެއީ ދިމާކޮށްލުމެކެވެ. ސަމާސާ އެވެ.

“އުމުރުން ސައްބީސް އަހަރުވީއިރު އަދިވެސް ލައިފެއްނެތް. ކަމޯން ބްރޯ… ގެޓް އަ ލައިފް. ހޭވް ސަމް ފަން.” އަސަލް ބުންޏެވެ.

“އައި ހޭވް އަ ލައިފް.” އަރްކާން ވަގުތުން ބުންޏެވެ. އޭނާ އުޅޭ ދިރިއުޅުން އެހެން މީހަކަށް ކަމުދާކަށް ނުޖެހެއޭ ބުނާ އުސޫލުންނެވެ.

އަސަލްގެ ފޯނުކޯލާއެކު އަރްކާންގެ ނުތަނަވަސްކަން ފިލައިގެން ދިޔަ އެވެ. ނަމަވެސް އެކުވެރިޔާގެ ފޯނުގައި ހުއްޓާ އަރްކާންގެ ސަމާލުކަން އަތުލީ ޖެހިގެން ހުރި އައިލީންގެ އެޕާޓްމެންޓް ތެރެއިން އިވިގެންދިޔަ ބާރު އަޑުންނެވެ. ކޮންމެވެސް އެއްޗެއް ވެއްޓި ތަޅައިގެން ދިޔަ ފަދަ އަޑެކެވެ. ކުޑަކުޑަ އަމާރާގެ ބާރު ރުއިމުގެ އަޑެވެ. އެއީ އާދައިގެ ރުއިމެއްނޫނެވެ. ސިހުންއެކުލެވިފައިވާ ބިރުވެރިކަމެއްގެ ރުއިމެވެ. ދެވަނަ އަޑެއް އިވިގެން ދިޔައީ ދާދި އެކުއެކީ ކަހަލަ ގޮތަކަށެވެ. އަނެއްކާ ވެސް އެއްޗެއް ވެއްޓި ޖެހުނު އަޑެވެ. ނަމަވެސް ކުރީން އިވުނު އަޑާއި މުޅީން ތަފާތުކަން ފާހަގަކުރެވުނެވެ. އަރްކާންގެ ސިކުނޑިއަށްވުރެ ކުރީން އޭނާގެ ހަށިގަނޑު މަސައްކަތް ކުރި އެވެ.

“އައިލީން.” އަރްކާންގެ ހިތުން އެ ނަންކިޔާލެވުނީ ހާސްވެފައި ހުރެ އެވެ. އޭރު އޭނާގެ ދެފައި އެ އެޕާޓްމެންޓުން ނުކުތުމަށް ހިނގައިގަނެއްޖެ އެވެ. އަރްކާންގެ ހިތުގެ ތެޅުން އަވަސްވެގެން އައެވެ.

“އަސަލް އަހަރެން އެބަގުޅަން.” އަރްކާން މިހެންބުނެ ފޯނުކޯލު ކަނޑާލައިފި އެވެ.

ހަލުވިފިޔަވަޅުގައި އަރްކާނު އައިސް އައިލީންގެ އެޕާޓްމެންޓް ދޮރުމަތީ ހުއްޓުނު އިރު އޭނާގެ އަމިއްލަ އެޕާޓްމެންޓުގެ ދޮރުލައްޕާކަށް ވެސް ހަނދާނެއްނުވި އެވެ. އޭނާ ދޮރުގައި ޓަކިޖަހަން އަތް އުފުލާލި އެވެ. ނަމަވެސް އަތްތިލަ މުއްކަވާލެވުނީ ކަމެއް ހަނދާނަށް އައުމުންނެވެ.

“އައިލީން… އައިލީން…” ދޮރާ ކައިރިވެލައި އަރްކާން ގޮވާލި އެވެ.

އެޕާޓްމެންޓުގެ ތެރެއިން އަމާރާގެ ރުއިން ގަދަވީ އަޑު އަރްކާނަށް އިވުނެވެ. އޭނާގެ ހާސްކަން އިތުރުވިއެވެ. ތަޅުގައި އޭނާ ހިފާލި އެވެ. އައިލީނަށް އަދިވެސް އެއްފަހަރު ގޮވާލި އެވެ. އެތެރެއިން އައިލީންގެ އަޑެއް ނީވުނެވެ. އަރްކާންގެ ހިތްބިރުގަތެވެ. އޭނާއަށް އައިލީންގެ ސޫރަ ހުރީ ފެނިފަ އެވެ. ވަރުބަލިކަމުގެ އިންތިހާވާ ދެ ލޯ ވަނީ ވަޅުވަދެފަ އެވެ. އަރާމެއްނުވާކަން އެ ލޯ ކައިރީގައި ފާޅުވާން ހުރި ކަޅު ދާއިރާ ހެކިވެ އެވެ.

“އަހަރެން މިވަންނަނީ.” އަރްކާން ބުންޏެވެ. ތަޅުގައި ހިފާލި އެވެ. މާކުރީން ވެސް އެ ދޮރު ހުންނާނީ ތަޅުލާފައިކަން އަރްކާނަށް އެނގެ އެވެ. އޭނާ ތަޅުގައި ދެ އަތުން ހިފައި ގައިގާ ހުރި ބާރެއް ލާފައި ފެލާލީ އެވެ. އެއާއެކު އަޑެއް ކިޔައިގެން ދިއުމާއެކު ދޮރު ހުޅުވިއްޖެ އެވެ.

( ނުނިމޭ )

Leave a Comment

Your email address will not be published. Required fields are marked *