THAURU

ކުރުކޮށްލެވުނު ދެފައިގެ، ކަކުލާ ހަމައިން ދެއަތް ވަށާލައި ގަޔާ ކައިރިކޮށްލީމެވެ. ކުޑަވެވޭނެ އެންމެ ބޮޑަކަށް ކުޑަވެލަން އަހަރެން ބޭނުންވީއެވެ. ހަނި ދާއިރާއަކުން ކޮޓަރިތެރެއަށް ބަލަން އިނީމެވެ. ނިދާ ކޮޓަރީގެ ތެރޭގައި ރަސްކަން ކުރަނީ އަނދިރިކަމެވެ. އޭސީ ނިވާލާފަ ހުރުމުން ހަތަރުފާރުގެ ތެރޭވަނީ އުދާސްކަމެވެ. ހަމައެކަނި ކޮޓަރިއަށް ވަދެވޭން ހުރި ދޮރު އަދިވެސް ހުރީ އަހަރެން ލެއްޕި ގޮތަށެވެ. މަރުފަދަ ހިމޭންކަމުގެ ތެރެއިން އަހަރެންގެ ނެގިނެގިފައި ޖެހެމުންދިޔަ ހިތާއި ލަހުން ވިޔަސް ބޭރުކޮށްލާ ނޭވާގެ އަޑު މީހަކަށް އިވިދާނޭތީ ނުހަނު ކަންބޮޑުވިއެވެ. ބޮލާއި ދެކޮނޑުގެ މަތިން ބައެއް ހެދުންތަކުގެ ފަސްބައިތައް ކޭތިކޭތި ހުއްޓެވެ. އަހަރެން އިނީ އަލަމާރީގެ ހެދުން އަޅުވާ ބަޔަށް ވަދެއެވެ. އަލަމާރީގެ ދަމާ ދޮރުފަތް ހުރީ އެއްކޮށް ނުލެއްޕިއެވެ. އަނދިރިކަމުގެ ތެރެއަށް ހޭނިފައިވި ލޮލަށް ކޮޓަރިތެރެ ފެންނަނީ ނުލެއްޕި ހުރި ދޮރުފަތުގެ ހަނި ދާއިރާއިންނެވެ.

“މާޔާ… މި ދޮރު ހުޅުވާ…”

ދޮރުގެ ތަޅުގައި ކުއްލިއަކަށް ހިފަމުން އެ އިވުނީ ނާހިދުގެ ބާރު ހަރުކަށި އަޑެވެ. ހަމައަކަށް އެޅުމުގެ ބަދަލުގައި އަހަރެންގެ ހިތް ބިރުން ފިތްކަނޑައިގެން ދިޔައީއެވެ. އިންތިހާއަށް ޖެހިލުންވެ ބިރުގަތްވަރުން ދެފައިން ދޫކޮށްލި ގޮތަށް އަނގަމަތީގަ އަތް އަޅާ ބާރުކޮށްލެވުނީއެވެ. ހަޅޭލަވައިގަނެވިއްޖެނަމަ ނާހިދު އަންނާނޭ ރުޅި އަހަރެންނަށް އެނގެއެވެ. އަވަސް އަވަހަށް ހެނދުންތަށް ހާވާލާ ފަހަތަށް ޖެހުނީމެވެ. ބުރަކަށި އަލަމާރީގެ ބިތުގައި ޖެހުމުން ދެން އިތުރަށް ޖެހޭނެ ޖާގައެއް ނެތްކަން އެނގުނެވެ. ދަތްތަކަށް ބާރުކޮށްލުމާއެކު އަނެއްކާވެސް އަނގަޔާއި ނޭފަތާއެކު ދެއަތް އަޅައި ހިފަހައްޓާލީމެވެ. ލޯ ބޮޑުކޮށްގެން ކޮޓަރީގެ ދޮރާ ދިމާއަށް ބަލަން އިނީމެވެ.

“މަންމާ…” ސިއްސައިގެން ދިޔަވަރުން އަހަރެންނަށް ވައިއަޑުން ވިޔަސް މަންމައަށް ގޮވާލެވުނެވެ. ކުއްލިއަކަށް އިވުނު ބާރު އަޑުފަށްގަނޑުންނެވެ. ކޮޓަރީގެ ދޮރުގައި ކޮންމެވެސް އެއްޗަކުން ނާހިދު ޖެހީއެވެ. އޭނާ އެ އުޅެނީ ކޮޓަރީގެ ދޮރު ނުހުޅުވިގެންނެވެ.

“ފޯނު އޮތްނަމަ… މީހަކު އަވަހަށް އަންނާނެނަމަ… މީ އަހަރެންގެ ނިމުންތަ؟ ނާހިދު އަހަރެން މަރާލާނެ، އަތުގައި ޖެހިއްޖެނަމަ މަރުނުވަނީސް ހުއްޓާނުލާނެ… މީތަ އަހަރެން މަރުވާން ހުރި ގޮތަކީ؟” އިވެމުންދިޔަ ބާރު އަޑުފަށްގަނޑާއެކު ނާހިދު ދޮރު ހުޅުވަފާނޭ ހީވާން ފެށުމުން އިތުރަށް އަހަރެން ހާސްވީއެވެ. ދެ ލޯ ފުރެންފެށީ މީ އަހަރެންގެ އެންމެ ފަހުވަގުތޭ ހީވާން ފެށީމައެވެ. މަންމައާއި އާއިލާގެ އެކަކުވެސް ނުފެނި ދުރުގައި އެކަހެރިކަންމަތީ ނިކަމެތި ހާލުގައި އޮވެ ނިމިގެންދާންވީ ހެއްޔެވެ. އެމީހުންނާ ހަމައަޔަށް ފޯރާނީ އަހަރެންގެ ފުރާނަނެތް މަސްގަނޑު ހެއްޔެވެ.

“ސަލާމަތް ހޯދާ… ތި ރިދިރިއުޅުމުން ދުރަށްދޭ…” މީ ވޭތުވެދިޔަ ދެ އަހަރު ތެރޭ އަހަރެންގެ ޟަމީރު ތަކުރާރުކޮށް ބުނަމުން އައި ވާހަކައެވެ. އެކަމަކު އަހަރެންގެ ހިތާއި ނަފްސު އެ އަޑަށް ސަމާލުކަން ނުދީނީއެވެ. ކޮންމެ ދިރިއުޅުމެއްގައި ވެސް އުނި ކަންކަން ހުންނާނެއޭ ވިސްނޭތީއެވެ.

ކަނާއަތްފަރާތުން އަލަމާރީގެ ބިތުގައި އަހަރެން ލެނގިލީމެވެ. އަހަރެންގެ ސިކުނޑިއާއި ހިތާއި މުޅި ނަފްސު ވަށާލީ ދިރިއުޅުމުގެ އެކި ހިސާބުގެ މަންޒަރުތަކުންނެވެ. އަހަރެން އަޑު އަހަމެވެ. މަރާ ބައްދަލުވަނީކަން ޔަގީންވާ ހިނދު އޭނާގެ މުޅި ދިރިއުޅުން ވޭތުވީ ގޮތުގެ މަންޒަރުތައް ލޯކުރިމަތިން ސިފަވެ އިންސާނާ ފިކުރު ކުރާނެއެވެ. ތައްޔާރުނުވެވެނީސް ވަގުތު މިޖެހުނީ މާ އަވަހަށޭ ބުނެވޭނެއެވެ. އަހަރެންނަށް ވެސް މިވަނީ އެހެންކަންނޭނގެއެވެ. މަރުވާކަށް ބޭނުމެއްނުވެއެވެ. މިހާ ހިތްދަތި ގޮތަކަށް މީހެއްގެ އަތުންނެވެ. އަނެއްކާ އެއީ ކޮންމެ މީހެއްނޫނެވެ. އަހަރެންގެ އަމިއްލަ ފިރިމީހާގެ އަތުންނެވެ.

އަހަރެންނަކީ ރ.އުނގޫފާރަށް އުފަން އަންހެނެކެވެ. އާއިލާގެ ތިން ކުދީންގެ ތެރެއިން ހަމައެކަނި ހުރި އަންހެންކުއްޖާއެވެ. އެންމެ ހަގީ އަހަންނެވެ. އޭލެވެލްއާ ހަމައިން ކިޔެވުން ނިންމާލި ގޮތަށް އަހަރެންގެ ހުވަފެނަކަށްވީ ޓީޗަރަކަށްވުމެވެ. މާލެ އައީ ކޯހުން ޖާގަ ކަށަވަރުވެގެންނެވެ. މާލެއަށް އަހަރެންނަކީ ބީރައްޓެސެކެވެ. އޭރު އުމުރުން އެންމެ 19 އަހަރެވެ.

އެކުގައި ގެއަށް ދާ ރަހުމަތްތެރިޔާ އަންނަންދެން ޔުނިވާސިޓީގެ ގޭޓު ކައިރީ މަޑުކޮށްލައިގެން ހުއްޓާ ލޮލުގައި އަޅައިގަތީ މަގުގެ އަނެއްފަރާތުގައި ޕާކުކޮށްފައި އޮތް ކަޅުރަތް ކުލައިގެ ކާރެވެ. ކުރީ ދޮރުފަތުގެ ބިއްލޫރިގަނޑު ތިރިކޮށްލައިގެން ބަލަން އިން ޒުވާނާގެ ރީތިކަން ފުރަތަމަ ވެސް ފާހަގަވިއެވެ. މާލެއިން އަހަރެން ދުށް އެންމެ ރީތިމީހާއޭ ބުންޏަސް ދޮގަކަށްނުވާނެއެވެ. އޭނާގެ ނަޒަރު ހުރި ގޮތުން އެ ބަލަނީ އަހަންނަށޭ ހީކުރެވުނަސް އެ ދުވަހު ޔަގީނެއް ނުވިއެވެ. އޭނާ ހިނިތުންވެލުމުން އަހަރެން ހަރަކާތެއްނުކޮށް ހުރީ އެހެންވެއެވެ.

ހަފްތާއެއް އެއްކަމެއް ތަކުރާރުވުމުގައި ފާއިތުވިއެވެ. ޖެހިގެން އައި ހަފްތާގަ އަހަރެން ޔުނިވާސިޓީއިން ނުކުންނަން އައިއިރު ކާރުން ފައިބާ އޭގެ ކައިރީ މަޑުކޮށްލައިގެން ހުރީ އެއްކަލަ ޒުވާނާއެވެ. އަހަރެން ފެނުމާއެކު އޭނާ އައިސް މަޑުކޮށްލީ ކައިރީގައެވެ.

“އަހަރެންނަށް ކިޔަނީ ނާހިދު… އެކުވެރިން ކިޔަނީ ނާދު.”

އެއީ އަހަރެންނާއި ނާހިދުގެ ފުރަތަމަ ބައްދަލުވުމެވެ. އޭނާއަށް އަހަރެން ކަމުގޮސްގެން ރައްޓެހިވާން ބޭނުންވާކަން ބުނީ އެ ދުވަހުއެވެ. އަހަރެން އަޖައިބުވިއެވެ. ނާހިދު ކަހަލަ ފުރިހަމަ މީހަކަށް އަހަރެން ރީތިވިގޮތެއް ނުވިސްނުނެވެ. އަހަންނަކީ މޭކަޕް ކުރާ އަންހެނެއްނޫނެވެ. ކުރަން ނުވެސް އެނގެނީއެވެ. ބޮޑުވަރަކަށް ވެސް މޫނުގައި ފުށްކޮޅެއް ޖަހާލައި ތުންފަތުގެ ކުރަކިކަން ފިލުވާލުމަށް “ލިޕްބާމް” ކޮޅެއް ހާކާލަނީއެވެ. ހެދުން އެޅުމުގައި މާލެތެރެއިން ފެންނަ އާންމު އަންހެންކުދީންގެ ވައްޓަފާޅިއަށް އަހަރެން ނުހޭނެއެވެ. ދެ އަރިމަތިން ފަޅާލައިފަ ހުންނަ ކަށިމައްޗަށް ހަމައަށް އަރާ ދިގު ހެދުމަކީ ރަށުގައި ވެސް އަހަރެން ލައި އުޅުނު ހެދުންތަކެވެ. ދިގު އިސްތަށިގަނޑުން ސަލާމަތް ނުވެވިގެން އުޅެން ޖެހިދާނެތީ އަބަދުމެ އޮންނާނީ ގަތާލާފައެވެ. ފަރިވުމާއި ނަލަވުމަކީ ކޮބާކަމެއް ނޭނގެނީއެވެ.

ނާހިދުގެ ހުންނަ މަޑުމައިތިރި ގޮތާއި ވާހަކަދެއްކުމުގައި ހުންނަ އޯގާތެރިކަމުގެ އަސަރު އަހަރެންގެ ހިތް ލަންބުވާލީއެވެ. ދެ މީހުން ފޯނުގެ ޒަރިއްޔާއިން ގުޅުން ކުރިއަށް ގެންދިޔައީއެވެ. ރައްޓެހިވެގެން އުޅޭތާ މަހެއް ފުރުމުން އެކަން ފާހަގަ ކުރަން ރޭގަނޑުގެ ކެއުމަކަށް ރެސްޓޯރެންޓަކަށް އަހަރެން ގޮވައިގެން ދާން ބޭނުންވާކަން ނާހިދު ބުންޏެވެ. އޭގެ ކުރިއަކުން އަހަރެންނާ ބައްދަލުވާން ނާހިދު ނޭދެއެވެ. އަހަރެން އޭނާ ދުށުމަށް ބޭނުންވެއެވެ. ނަމަވެސް އޭނާ އެއްބަހެއް ނުވެއެވެ. ދެމީހުން ބައްދަލުވެއްޖެނަމަ ނަހަމަ ގުޅުމެއް ހިނގަން މެދުވެރިވެދާނޭކަމާއި އެއަށްވުރެ އޭނާ އަހަރެންނަށް އިހްތިރާމާއި ގަދަރުކުރާކަން ބުންޏެވެ. އިތުރަށް އަހަރެންނަށް ނާހިދު ކަމުދިޔައީ އެހެންވެއެވެ.

އެރޭގެ ރެސްޓޯރެންޓުގެ ހާދިސާ އެއީ މިހާރު އަހަރެންގެ ދިރިއުޅުން ވެއްޓިފައި އޮތް އަނދަވަޅުގެ ފެށުންކަން ވިސްނުނީ އަދިކިރިޔާއެވެ. އަހަރެން ދުވަހަކުވެސް ނަލަނުވާ ވަރަށް އެރޭ ތައްޔާރުވީމެވެ. އެރެއަށް ހާއްސަކޮށް ހެދުމެއް ގަތީމެވެ. ރެސްޓޯރެންޓަށް އައީ ނާހިދުއާއެކު ކާރުގައެވެ. އޭނާގެ ވާހަކަދެއްކުމުގައި ހުންނަ ފަށުވިކަމާއި އޮމާންކަން އަހަރެންގެ ހިތް އަވަސްކުރުވައެވެ. އެފަދައިން ވާހަކަދައްކަން އަހަރެންނަށް ނޭނގޭތީއެވެ. އިނގިރޭސިން ދެތިން ބަހެއް ބުނެލާއިރު ވެސް އެއީ އިލްމީ މީހެއްކަން ސިފަވެއެވެ. މައްޗަށް ސަޑުނަގާހެން އޮމާންކޮށްލެވިފައިވާ ފަން އިސްތަށިގަނޑުގެ ސަބަބުން ނާހިދުގެ ނިތްކުރި ފުޅާކަމަށް ދައްކައެވެ. ތުނބުޅިމަތިމަސް ބަހައްޓާފައި ހުރީ ތުނިކޮށެވެ. އެ ދިގުމޫނުގައި އެއްވެސް އައިބެއް ނެތެވެ. މެދުމިނުގެ ހަށިގަނޑާއި ދިގު އިސްކޮޅެވެ. ހިނިތުންވުން ފުޅާވެލިޔަސް ދަތްތައް ފެންނަވަރަކަށް އޭނާ ނުހެއެވެ. ވަރުގަދަ ޝަހުސިއްޔަތެއްގެ ވެރިއެއް ފަދައެވެ.

“އެނގޭތަ… އަހަރެންގެ ފަސްޓް ބޯއިފްރެންޑަށް ކިޔަނީ ނާހިދު…” ނާހިދު ކޮށްލި ސަމާސާއަކަށް އަހަރެން ވެސް ސަމާސާއެއްކޮށްލަން ބޭނުންވީއެވެ. ހަޔާތުގައި ފުރަތަމަ ރައްޓެހިވިއޭ ބުނި ނާހިދަކީ އަހަރެންގެ ކުރިމަތީގަ އިން ނާހިދުކަން ބުނުމުގެ ކުރީން މަޑުކޮށްލީ އޭނާއަށް ވާގޮތެއް ބަލާށެވެ. ބުނި އެއްޗަކާމެދު ސީރިއަސްނޫންކަން އަހަރެން ހެވިފައި އިން ގޮތުން ކޮންމެ މީހަކަށް ވެސް ނަގައިގަންނަން އެނގޭނެއެވެ. އެކަމަކު ވަގުތުން ނާހިދު ހިމޭންވީއެވެ. އުފާވެރިކަމާއި ހިނިތުންވުން އެ މޫނުން ގެއްލުނީއެވެ. މޭޒުމަތީގައި އޮތް އަހަރެންގެ ކަނާއަތުގެ ކުޑަހުޅާ ހިސާބުގައި ނާހިދު ހިފާލިއެވެ. އެ އިނގިލިތައް ވަށާލީ ނުހަނު ބާރަށެވެ. ހައިރާންކަމާއެކު ނާހިދަށް އަހަރެން ބަލާލީ ތަދުވާކަން ބުނަމުންނެވެ. ދަތްކުނޑިވިކާލައިގެން އިން ނާހިދު އިހުނަށްވުރެ ބާރުކޮށްލީއެވެ. އޭނާގެ ގާތަށް ދަމާލުމާއެކު ނުރުހިފައި ވާހަކަދެއްކިއެވެ.

“މާޔާ ހީކުރަނީ އަހަރެން ކުޅޭ ކުޅިވަރެއްކަމަށްތަ؟ އެހެން ފިރިހެނުންނާ އަހަރެންނާ އެއްވަރު ކުރަންތަ މާޔާ ތިއުޅެނީ. ތަނަކުން އަންހެނަކު ފެންނައިރަށް އެމީހަކާ ހިތާ ނުވެވިގެންތަ އަހަރެން މިއުޅެނީ… ތީ މިހާރު އަހަރެންގެ ހައްގެއް…”

މޭޒުމަތީ ނާހިދު ޖެހި އަޑަށް ކައިރީ ތިބި އެންމެން ވެސް ބެލިއެވެ. އަހަރެންގެ އަތުން ނާހިދު ދޫކޮށްލުމުން ވެސް އިރުކޮޅަކު ގަބުވެފައި އިނދެވުނީއެވެ. ދެން މަޑުމަޑުން ގޮނޑިން ތެދުވީ ފާހާނާއަށް ވަދެލަން ބޭނުންވާކަން ބުނެއެވެ. ނާހިދު އެއްޗެކޭ ނުބުންޏަސް އަހަރެން އައިސް ފާހާނާއަށް ވަނީމެވެ. ވަރަށް ވިސްނީމެވެ. ނާހިދު ކަންތައް އެކުރީ ރަނގަޅަކަށްނޫނޭ އަހަރެންގެ ޟަމީރު ބުންޏެވެ. އަހަރެންނަށް ގަބޫލު ވެސް ކުރެވުނެވެ. ހިތަށް އެރިއެވެ. ނާހިދުއާ ގުޅުން ކަނޑާލާނީއެވެ. ކަމަކަށްނުވާ ކަހަލަ ކަންކަމާ އެހާ ގަދަ ރުޅި އަންނަނަމަ އެކުގައި އުޅޭނީ ކިހިނެއް ހެއްޔެވެ. އަހަރެން ފާހާނާއިން ނުކުތްއިރު ނާހިދު ހުރީ ފައިސާ ދައްކާ ކައުންޓަރު ކައިރީއެވެ. އޭނާގެ ގާތަށް އައުމަށް ބުންޏެވެ. ކެއުން ނިމުނީކަމުގައި ނާހިދު ބުނެލިއެވެ. ދެމީހުން އެކުގައި ނުކުމެގެން އައިސް ޕާކުކޮށްފައި އޮތް ނާހިދުގެ ކާރަށް އެރީމެވެ. އޭނާ ކާރު ދުއްވާލާކަށް ނޫޅުނެވެ. އިރުކޮޅަކު ހިމޭނުން އިނދެފައި އަހަރެންނާ ދިމާއަށް އެނބުރުނީއެވެ.

“ސޮރީ… މާޔާ، އަހަންނަށް މަޢާފުކޮށްދީ، އަހަރެން ދުވަހަކުވެސް އަންހެންކުއްޖެއްދެކެ މިހާ ލޯބިނުވަން، މާޔާއަކަށް ނުވިސްނޭނެ އަހަރެން މާޔާދެކެ ވާލޯތްބެއް، އެހެން ފިރިހެނުން މާޔާއާ ފްލާޓްކުރަމަކީ އަހަރެންނަށް ބަރުދާސްތުކުރެވޭނެ ކަމެއްނޫން… ވަރަށް ބޮޑަށް ސޮރީ، ޕްލީޒް… ދެން އެހެނެއްނުވާނެ، ބަލާބަލަ… އަހަރެން މިރޭ އައީ މާޔާ ކައިރީ އިންނަން އަހަންވެގެން، ވަރަށް ހާސްވެފަ އިނީ، މިއަދު އޮފީހުގަ ވެސް ބޮޑު ކަންތައްގަނޑެއް ހިނގައިގެން އެކަމާވެސް ބޯގޮވާފަ ހުރީ… އެކަމަކު މި ޑިނާއަކީ ކިހާ މުހިންމު ޑިނާއެއްކަން އެނގޭތީ، މާޔާދެކެ އިންތިހާއަށް ލޯބިވެވިއްޖެކަން ބުނަން އިތުރަށް މަޑުކުރަން ބޭނުންނުވީ… ޕްލީޒް މާޔާ، ފޮގިވް މީ… ވަރަށް ލޯބިވޭ… މާޔާއާ އިންނަން ބޭނުން… އުމުރުން 38 އަހަރުވީއިރު އަހަރެންވެސް މިހާރު ބޭނުންވަނީ ރަނގަޅު ދިރިއުޅުމެއް ފަށަން، މާޔާ ކަހަލަ ރަނގަޅު ކުއްޖަކާއެކު، އަހަރެން އެންމެ ލޯބިވާ މިހާއާއެކު… އަހަރެންގެ އަލަތު އަނބިމީހާއަށް މާޔާ ހަދަން ވަރަށް ބޭނުން.”

ނާހިދުގެ ޖީބުން ނެގި ދިގު ފޮށި ހުޅުވާލައި އެއިން އޭނާ ނެގީ އަތުގައި އަޅާ ރަން ކެވެލި ކޮޅެކެވެ. އަހަރެންގެ ކަނާއަތުގައި އެ އަޅުވާދިނުމާއެކު ކާރުގެ ފަހަތު ސީޓުގައި އޮތް ރަތްފިނިފެންމާ ބޮނޑި ނަގާ ދިއްކޮށްލިއެވެ. އަހަރެންގެ ހިތް ފުރިބަންޑުންވާހާ ލޯބިވެތިއެވެ. ރެސްޓޯރެންޓުގެ ފާހާނާގައި ހުރެ ވިސްނިވިސްނުމުގެ ހަނދާނެއް ވެސް އަހަރެން ނެތެވެ. ނާހިދުގެ ރުޅިއަކީ އޭނާގެ ލޯބިކަމުގައި އަހަރެން ނިންމީ އޭނާ އެ ދެއްކި ވާހަކައިގެ އަސަރުގައި ޖެހި އިނދެއެވެ.

އަހަރެމެންގެ ގުޅުން ހެދިފޯދެމުންދިޔައީ ހީނުކުރާހާ ބާރު މިނުގައެވެ. އަވަސްއަރުވާލެވެނީކަމެއް އަހަރެން ކުޑަކޮށް ވެސް ނުދެނަހުރީމައެވެ. އަގުބޮޑެތި ހަދިޔާތަކަކީ އަހަރެންނަށް އާ ކަންތައްތަކެވެ. އެ ހުރިހާ ކަމަކުން އަހަރެންނަށް ގަބޫލުކުރެވުނީ ނާހިދު އަޅާލާ މިންވަރެވެ. ކިޔެވުމަށްވުރެ މީހަކާ އިނުން މުހިންމުވިއެވެ. ކޯސް ނުނިމެނީސް ޗުއްޓީ ނަގައިގެން ރަށަށް ގޮސް މަންމައަށް ޚަބަރު ދިނީމެވެ. ވިހި އަހަރު ނުފުރިގެން އުޅެނިކޮށް ކައިވެނި ކުރުން މަންމައަށް އަވަސްވީއެވެ. ކޯސް ނިމެންދެން މަޑުކޮށްލަން މަންމަ ބުންޏެވެ. ނަމަވެސް އަހަރެންނަށް ކެތްނުވީއެވެ. އޭރު އަހަރެން ހުރީ ނާހިދުއާ ހެދި ދިވާނާވެފައެވެ. އާއިލާއާ ބައްދަލުކުރަން ނާހިދު އައުމުން އެންމެނަށް ވެސް އޭނާގެ ހުރި ހަރުދަނާކަން އެނގުނެވެ. އެންމެ ފުރިހަމައަށް އޭނާ އަހަރެންގެ އާއިލާގެ ރުހުން ހޯދިއެވެ.

ކައިވެނީގެ ފުރަތަމަ ތިން މަހަކީ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސްތަކެވެ. އަހަރެންނަށް ޓަކައި ނާހިދު ނުކޮށްދޭ ކަމެއްނެތެވެ. އޭނާގެ މުޅި ދުނިޔެއަކީ އަހަރެންކަން އިހްސާސް ކޮށްދިނެވެ. އަހަރެން ދެކޭގޮތާއި ހިޔާލުތަކަކީ ދިރިއުޅުމުގެ އެންމެ މުހިންމު ނިންމުން ކަމުގައި އޭނާ ދުށްޓެވެ. ދުވަހަކުވެސް ލިބޭނޭ ކަމަށް ހީނުކުރާހާ ބޮޑު ތަނަވަސްކަމެކެވެ. އަހަންނަށް ޓަކައި ހުޅުމާލެއިން ނާހިދު އެޕާޓްމެންޓެއް ގަނެ އެއީ އަހަރެމެންގެ ގަޑުވަރަށްވިއެވެ. އޭރުވެސް އަހަރެންނަށް ނޭނގުނީ ނާހިދު ތައްޔާރު އެކުރަނީ އަހަރެން ގައުދުކޮށް ބައިންދާނޭ ހުރަގެއެއް ކަމެވެ. އެހިސާބަށް އާދެވުނުއިރު އެކުވެރިންނަށް ތިބީ ނާހިދުގެ އެކުވެރިންނެވެ. އަޅާ ހެދުން ބަދަލުވީ ނާހިދަށް އެންމެ ކަމުދާ ގޮތަކަށެވެ. މީހުންނާ ބައްދަލުވާއިރު ވާހަކަދައްކަން ޖެހޭ އުސޫލުތަކެއް ވެސް ކަނޑައެޅުނީ ނާހިދު ކިޔާދިން ގޮތަށެވެ. އަހަރެންނަށްވުރެ ދުނިޔޭގެ ކަންކަމަށް ނާހިދު ލޯހުޅުވިފައިވާނޭކަން އެނގެއެވެ. ލޯގަނޑަކުން އަހަރެން ފެނި އަހަންނަށް އަހަރެން އޮޅޭ ވަރަށް ބަދަލުވީއެވެ. އަހަރެންގެ އެކުވެރިއަކީ ވެސް އާއިލާއަކީ ވެސް ހަމައެކަނި ނާހިދަށްވެ ނިމިއްޖެއެވެ.

ނާހިދުގެ ގަސްދާ މެދު ސުވާލެއް ނުއުފެދެއެވެ. އަހަރެންނަށް މިފެންނަނީ ނާހިދު ދައްކަމުންދިޔަ ހަގީގަތެއްނެތް ކުލަވަރުތަކެއްކަން ބުނާކަށް ނޭނގެއެވެ. ނަމަވެސް ނާހިދު ކުއްލިކުއްލިއަށް އަންނަ ރުޅީގެ ހޫނުކަން އަހަރެންނަށް އިހްސާސްވާން ފެށީއެވެ. އަހަރެންގެ އުމުރުން ޅައެވެ. ތަޖުރިބާ މަދެވެ. ކުށްކުރެވެނީ އަހަރެންނަށް ކަމުގައި ގަބޫލުކުރެވެނީ ނުހަނު ފަސޭހައިންނެވެ. ކިޔަވައިގެން ހުއްޓަސް އަހަރެންނަކީ ގަމާރު އަންހެނެއް ކަމުގައި ނާހިދު ބުނަނީ ކީއްވެކަމެއް ނޭނގެއެވެ. އޭނާއާ ނުލާ އަހަރެންނަށް އުޅޭކަށް ނޭނގޭނޭ ބުނެއެވެ. އޭނާއަށް ވަރަށް ބޮޑަށް ބަރޯސާވާކަން ޚުދު އަހަރެންނަށް ވެސް އެނގެއެވެ. އެކަމަކު އަނބިމީހާ ބަރޯސާވާން ހުރީ ވެސް ފިރިމީހާ ނޫން ހެއްޔެވެ. އޭނާގެ ރައްޓެހިންގެ ކުރިމަތީ އަހަރެން ލަދުގަންނަވާލުމަކީ ބޮޑުކަމަކަށް ނާހިދަށް ނުވެއެވެ. އެކަން އަހަރެން ފާހަގަކުރި ފުރަތަމަ ދުވަހު ގެއަށް ވަދެވުމާއެކު އިރާލީ ލައިގެން ހުރި ހެދުމެވެ. ދެން އިސްތަށިގަނޑުގެ ބުޑު އަތްތިލައަށް އޮޅާލުމާއެކު ދޮރުކައިރީ ފާރުގައި ޖެހީއެވެ. އޭނާގެ ރައްޓެހިންނަށް ތުއިދެއްކެން އަހަރެން އުޅުނީކަމުގައި ނާހިދު ބުންޏެވެ. މޫނުގެ އެއްފަޅި ދުޅަވެ ބުމަ ފަޅައިގެން ދިޔައީއެވެ. އޭގެ އަނެއްދުވަހު އަހަރެންގެ މޫނު ފެނި ނާހިދު ބޮނޑިތާން އަޅައިދީ ރޮއެ ހެދިއެވެ. އޭނާއަށް މަޢާފުކުރުމަށް ބުންޏެވެ. ހިތަށް ލިބުނު ނުތަނަވަސްކަމާއި އެކުވެރިންގެ ބެލުންތަކުން އުފެދުނު ހަސަދައިން ރުޅި ހަމައިން ނެއްޓީކަމުގައި ނާހިދު ބުންޏެވެ. އެހެންވީ އަހަރެންގެ ސަބަބުންކަމުގައި ނާހިދު ބުންޏެވެ. ދެން ވެސް އަހަރެންނަށް ވިސްނުނީ މި ދިރިއުޅުމާމެދު ނާހިދު ފަދައިން ސީރިއަސްކޮށް އަހަރެންނަށް ނުދެކެވެނީ ކަމުގައެވެ. ނާހިދުދެކެ ލޯބިވާވަރު އަދިވެސް ހާމަކޮށް ނުދެވެނީ ކަމެވެ. އޭނާ އަހަރެންނަށް ކޮށްދޭ ހުރިހާކަމެއްގެ ބަދަލު ދޭންވާ ގޮތަށް ނުދެވެނީ ކަމެވެ. ނަމަވެސް އޭގެ ފަހުން އަނިޔާއެއް ނުލިބޭ ހަފްތާއެއް ނާދެއެވެ. ނާހިދު ނުރުހޭވަރުގެ ކަމަކަށް އަހަރެންނަށް ކުރެވެނީ ކޮންކަމެއްކަން ނޭނގެއެވެ. ކޮންމެ ދުވަހަކުހެން ހުރެވެނީ ޖެހިލުންވެފައެވެ. މިއަދު ނާހިދު ކުރާނީ ކިއްބާއޭ ހިތަށް އަރާފައެވެ. ލިބޭނީ ކިހާވަރެއްގެ އަނިޔާއެއްކަމެއް ނޭނގިފައެވެ. ނާހިދު ނެތްތަނެއްގައި އާއިލާގެ މީހަކާ ވެސް ވާހަކައެއް ނުދެއްކެއެވެ. އެކަމާވެސް އޭނާ ރުޅި އަންނާތީއެވެ.

ނެގިމަޑުވެފައި އަހަރެން ހުންނަން ފެށުމުން މަސައްކަތެއް ފަށަށް ނާހިދު ހިޔާލު ދިނެވެ. ވަޒީފާއަކަށް ދާން ބޭނުންވާނަމަ ހޯދުމުގެ ހުއްދަ ދިނެވެ. އެކަމަކު ވަޒިފާއަށް ކުރިމަތިލައި އިންޓަވިއުއަށް ދާން ކިޔުމުން އެދުވަހު ހެނދުނު ތައްޔާރުވެގެން ނުކުތް ވަގުތު އަހަރެންގެ ގަޔަށް ނާހިދު ޖެހީ ކޮފީމެޝިނުން ހަދާ ނިމުނު ކޮފީތަށްޓެއްވެ. ހޫނުކަމުން އަހަރެންނަށް ހަޅޭލަވައި ގަނެވުނެވެ. އަތްދަބަހާއި އަތުގައި އޮތް ފައިލު ދޫކޮށްލާފައި ސިންކު ކައިރިއަށް އަހަރެން އައީ ގަޔަށް ފެންއަޅާށެވެ. ނަމަވެސް ނާހިދު އަހަރެން ހިފެހެއްޓީއެވެ. މައްސަލައަކަށްވީ އޭނާ ދިން ހިޔާލު އަހަރެން ގަބޫލުކުރުމެވެ. ވަޒީފާއަކަށް ދާން ނާހިދު ހިޔާލު ދިނުމުން އަހަރެން އެކަން މަނާކުރަން ޖެހޭނެކަމަށް ވިއެވެ. އަހަރެން މިހާރު އޭނާދެކެ ލޯބިނުވާކަމުގައި ޝަކުވާކުރިއެވެ. އެހެންމީހެއްގެ ހައްގަކަށް އަހަރެން ވެއްޖެނަމަ މަރާލާނަމޭ ނާހިދު ބުނީ ވަޅިސެޓުން ނެގި އެންމެ ދިގު ވަޅި އަހަރެންނަށް ދިއްކޮށްގެން ހުރެއެވެ. އޭނާ ހެދިހާ ގޮތެއް ހެދިގެން ބުނާ ބަސްއަހައިގެން އިންނަންކަން ޖެހޭނީ ނާހިދު އަމުރުކުރިއެވެ. އޭނާ އެހާވަރުން އުޅޭއިރު ވެސް އަހަރެންނަކީ ޝުކުރުކުރަން ނޭނގޭ އަންހެނަކަށް ވިއެވެ. އަހަރެންގެ އަތުގައި ހިފައި ވަޅީގެ މިޔަ ހާކާލި ތަނުން ލޭކުލަ ފާޅުވިއެވެ. އޭނާ ދިން އިންޒާރުގައި ސާބިތުވާނޭކަމުގެ ހެކިކަން އެ ދެއްކީ އަހަރެންނަށް ވަގުތުން އެނގުނެވެ.

ދިރިއުޅުމުގެ އެ މަންޒަރުތައް ހާވިޔާވީ ދޮރުގައި ޖަހާ އަޑުންނެވެ. ދޮރުވައްޓާލަން މީހަކު ގޮވި އަޑަށެވެ. ދޮރުކައިރީ އެތައް ބަޔަކު އުޅޭހެން ހީވެއެވެ. ބޮލަށް އެނބުރުން އަރާކަން އަހަރެންނަށް އިހްސާސް ވެއެވެ. މިލެވެނީ އެންމެފަހުގެ ނޭވާހެން ހީވެއެވެ. ފަލަމަސްގަނޑުގައި އޮޅާލެވިފައި އޮތް ހެދުމަށް އަހަރެން ބަލާލީމެވެ. ލެއިން އެ ފޯވެއްޖެއެވެ. ބޯމަތިން ކޮނޑުގައި އަޅުވާފައި ހުރި ތަނުން ޓީޝާޓެއް ދަމައިގަތީމެވެ. ކުރިން އޮޅާފައި އޮތް ހެދުމުގެ މަތިން ފައިގައި އެ އޮޅާލީމެވެ. ނާހިދު ހޫރާލި ވަޅި ވަނީ އަހަރެންގެ ވައަތު ފަލަމަސްގަނޑަށެވެ. ސަލާމަތްވާން ވަނީ ކޮޓަރިއަށެވެ. ކޮޓަރީގެ ހަތަރުފާރުގެ ތެރެއިން ވެސް ރައްކާތެރިކަމުގެ އިހްސާސް ނުކުރެވުމުން ވަނީ އަލަމާރި ތެރެއަށެވެ. ނާހިދު ހަމަބުއްދިފިލައިފާވީ އަހަރެންނަށް ފޯނުކޯލެއް އަންނަކަން އެނގިގެންނެވެ. އޭނާ ސުވާލު ކުރުމުން ވެސް އަހަރެން ހަނު ހުރީއެވެ. ދޮގު ހަދައިގެން ނާހިދުގެ ކައިރިން ސަލާމަތްވުމަކީ ނާދިރުކަމެއްކަން މާކުރިން ވެސް އެނގެއެވެ.

މިދިރިއުޅުމުން މިންޖުވާން އަހަރެން ބޭނުންވިތާ ދެ މަސްވަނީއެވެ. ނާހިދު ވަޅިން އިންޒާރު ދިން ދުވަހަކީ ދިރިއުޅުމުގެ ނިދިން އަހަރެން ހޭލައްވާލި ދުވަހެވެ. ނާހިދަކީ ނުރައްކާތެރި މީހެއްކަން ވިސްނުނީއެވެ. އަހަރެންގެ ކޮންމެ ފިޔަވަޅެއްގެ ޚަބަރު އޭނާއަށް ލިބެއެވެ. ގޭގައި ސިއްރު ކެމެރާ ހަރުކޮށްފައި ހުރީކަން މިހާރު ޔަގީންވެއެވެ. ފާޚާނައިގަ ނޫން ތަނެއްގައި އަހަރެން ފޯނުން ވާހަކަދައްކައިފިނަމަ ނާހިދަށް ނޭނގިއެއް ނުދެއެވެ. އަހަރެން އެކަނި މިކަމުން ސަލާމަތް ނުވެވޭނެކަން ޔަގީންވަނީ އެހެންވެއެވެ. މަންމަ ނޫނީ އަހަރެންގެ ހުރީ ކާކުހެއްޔެވެ. އެކަމަކު މަންމަ ހުރީ ރަށުގައެވެ. ދެން އަހަރެންފަދަ އަންހެނަކަށް އެހީވެވޭނީ ކާކަށް ހެއްޔެވެ. ނާއުންމީދުވެފައި ހުރެ ވެސް މަންމައަށް ގުޅުނުކަން ނަސީބެކެވެ. އަހަރެންފަދަ ގެވެށި އަނިޔާތަކުގައި ގައިދުވެފައިވާ ކޮންމެ މީހަކު ދިފާއުކުރާ އައްޑަނަކަމުގައި ޖެންޑާ މިނިސްޓްރީވާކަން މަންމަ ބުންޏެވެ. ޖެހިލުންވެފައި ހުރެ ވެސް އަހަރެން އެމީހުންގެ އެހީއަށް އެދުނީމެވެ. އަހަރެންނަށް އިރުޝާދު ދިނީ އެމީހުންނެވެ. ރައްކާތެރިކަން ހޯދާނޭ ގޮތް ބުނެދިނެވެ. އަހަރެން ދާން އޮތީ ރަށްކަމާއި އެ ރަށަށް ދެވެންދެން، މިހާރު މިވަގުތު ނުކުމެ އަހަރެން ވަންނާނޭތަނަކާއި އަތުގައި ލޯލާރިއެއް ވެސް ނެތްކަން ބުނީމެވެ. އެކަންކަމާ ކަންބޮޑުވާކަށް ނުޖެހުނެވެ. އާއިލާއާ ބައްދަލުވަންދެން އެމީހުން އަހަރެން ހުންނާނޭ ތަނަކާއި އަސާސީ އެހެން ބޭނުންތައް ފުދޭނޭ ގޮތް ހަމަޖައްސައިދޭނަން ކަމުގައި ބުންޏެވެ.

ވެއްޓުނު ދޮރު ތަޅުމުގައި ޖެހުމާއެކު ފުލުހުންނާއި ރެޑްކްރެސެންޓް ޔުނީފޯމްގައި ތިބި މީހުން ކޮޓަރިތެރެއަށް ވަނެވެ. ތަނުގައި ތިބި އެންމެން ވަކިކުރާކަށް ނޭނގެއެވެ. އެކިދިމާއަށް މީހުންތައް ފެތުރިގަތެވެ. އަހަރެން އިނީ ވަރުބަލިވެފައެވެ. އަލަމާރިއާ ދިމާއަށް އައި މީހާ ދޮރުފަތް ހުޅުވާލުމާއެކު ފެނިއްޖެޔޭ ގޮވާލިއެވެ. އެތަނުން އަހަރެން ނެރުނީ މީހެއްގެ އަތްދަނޑިމަތީއެވެ.

“ނޭވާ ލާ…” އަހަރެންގެ ހާލު ބަލަން ގާތްވީ ކުއްޖާގެ އިނގިލިތައް ކައިރިކޮށްލީ އަހަރެންގެ ނޭފަތާއެވެ. އެ އެޕާޓްމެންޓުން ނެރިގެން ގެނެސް އެމްބިއުލާންސަށް އަހަރެން އެރުވި އިރު ހިތަށް ބަޔާންކުރަން ނޭނގޭ ފިނިކަމެއް ލިބިފައި ވިއެވެ. ދެ އަހަރަށްފަހު އަހަރެން ދިރިހުރިކަމުގެ ނޭވާ ފުރަތަމަ ފަހަރަކަށް ލެވުނު ކަހަލައެވެ.

އަހަރެންގެ ދިރިއުޅުމުގެ ތައުރު ނިމުނީއެވެ. ގަވެށި އަނިޔާއަކީ ކޮބާކަން އެކަން ތަހައްމުލު ކުރަމުންދިޔައިރު ވެސް ނޭނގެއެވެ. ނާހިދު ފަދައިން ލޯބިވާމީހަކާ ދެވަނަ ފަހަރަށް ބައްދަލުވިޔަސް ދެން ހިމޭންވެ ނުހުރެވޭނެއެވެ. އަނިޔާގެ ވާހަކަ ނުދައްކާހާ ހިނދަކު އެކަންޏެވެ. އެހީވާނޭ ފަރާތެއް ވެސް ނުހުންނާނެއެވެ. ހިމޭންކަން ފުނޑުފުނޑުކޮށްލަންވީ އެހެންވެއެވެ. ނިކަމެތިވެ ކެތްކުރަންވީ ކިހާ ދުވަހަކު ހެއްޔެވެ. މައްސަލައެއް ހުރީ އަހަރެމެންގެއެއް ނޫނެވެ. އެއީ އަނިޔާވެރިވާ މީހާގެ ހުރި އުނިކަމެވެ. ނާހިދުގެ ކިބައިން އަހަރެންނަށް ފުރިހަމަ މިނިވަންކަމާއި ރައްކާތެރިކަން ޖެންޑާ މިނިސްޓްރީން ކަށަވަރުކޮށްދިނެވެ.

— ނިމުނީ —

ނޯޓް: މި ވާހަކައަކީ  “ގެވެށި އަނިޔާ” އަށް ހޭލުންތެރި ކުރުވުމަށް 2021 ވަނަ އަހަރު ޖެންޑާ މިނިސްޓްރީ އިން ނެރުނު ސާސްތުރަ މެގަޒިންއަށް ލިޔެދީފައިވާ ވާހަކައެއް.

Leave a Comment

Your email address will not be published. Required fields are marked *