LOABIVAATHEE UFAA DHEYNAMEY [EP-09]

“ދުނިޔެމަތިން އިންސާނަކުދެކެ އަހަރެން ލޯބިވީނަމަ ލޯބިވި ހަމައެކަނި އިންސާނަކީތީ. މިއަދު އަހަރެން މިހާލުގައި މިއިނީ އީތަންދެކެ އިންތިހާއަށް ލޯބިވެވުނީތީ… އަހަންނަށް އެނގޭ އަހަރެންގެ ފަރާތުން އީތަން ލޯއްބެއް ބޭނުމެއްނުވާކަން. އެ ލޯބި ބޭނުންވަނީ އެހެން އަންހެންކުއްޖެއްގެ ފަރާތުންކަން. މިރޭ އަހަންނަށްވުރެ އޭނާގެ އަގު ބޮޑުކަން އެނގިއްޖެ. އުފާ ހޯދަން ބޭނުންވީ ލޯބިވާތީއެއްނޫން އެކަމަކު އަހަރެން ލޯބިވާތީ އުފާދިނީ… ބަނޑުގައި މިވަނީ އެ ލޯބީގެ އުފަލުގެ ފޮނުމީރުކަން… ދުވަހަކު ވެސް އަހަރެން އީތަންއަށް ޝަކުވާކުރަން ދާނޭކަމަށް ހީނުކުރާތި. އަހަންނަށް އަހަރެންގެ މަންމަ ފުދޭ. އަދި އަހަރެންގެ ދަރިއަކަށް އިރާދަކުރެއްވިއްޔާ އަހަރެން ފުދޭނެ. ކުޑަދުވަސްކޮޅަކަށް ވިޔަސް އަހަންނަށް އީތަން ދިން ލޯއްބާއި އުފަލައްޓަކައި ޝުކުރިއްޔާ. އަދި ތި ފަށަން އުޅޭ އުފާވެރި ހަޔާތަށް މަރުޚަބާ ކިޔަން” ޒޫރިންގެ އެންމެ ފަހު ލަފުޒުތަކަކީ އެއީއެވެ. އީތަންއަށް އެ މެސެޖު ކިޔުނީ ކިތައް ފަހަރު ކަމެއް ވެސް ނޭނގެއެވެ.

ބާލީހުގައި ބައްދާލައިގެން ދެ ލޯ މަރާލައިގެން އީތަން އޮތެއްކަމަކު އޭނާ އޮތީ ނިދާފައެއް ނޫނެވެ. ސިކުނޑީގައި އެނބުރެމުންދާ ޚިޔާލުތަކާއި ފިކުރުތަކުން މިންޖުވާން ބޭނުންވެފައެވެ. ޒޫރިންއަށް ގުޅަން ބައެއް ފަހަރު ހިތަށް އަރައެވެ. އެކަމަކު ފަސްޖެހެވެނީ ކީއްވެކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. ބޭނުންވާ ގޮތަށް އެއްކަމެއް ވެސް ނުވެއެވެ. އީތަންގެ ޠަބީޢަތަށް އައިސްގެން އުޅޭ ބަދަލަކީ އެހެންވެ އައިސްގެން އުޅޭ ބަދަލެކެވެ.

މެންދުރުފަސްވެގެން ދިޔައިރު ވެސް އީތަން ނުފެނުމުން އެކަމާ ސުފިޔާނު ސުވާލު ކުރީ ހަމްރާއާއެވެ. ގޭގައި އީތަން ނޫނީ އެހެން ހުރިހާ އެންމެން ހަރަކާތްތެރިވާތަން ސުފިޔާނަށް ފެނެއެވެ. ހެނދުނުގެ ނާސްތާގައި ހުރިހާ ކުދިން ބައިވެރި ނުވުމުން އެކަމާ ސުފިޔާނު ޝަކުވާ ނުކުރީ ވެސް ރޭގައި އެންމެން ވެސް ނިދީ ވަރަށް ލަހުންކަމުގައި ވާތީއެވެ. ނަމަވެސް ހުކުރު ނަމާދު ނިންމާފައި އެންމެން ކާމޭޒު ދޮށުން ބައްދަލުވިއިރު އެތަނުގައި ނެތީ ހަމައެކަނި އީތަންއެވެ. އެކަމާ ސުފިޔާނު ހިތްހަމަނުޖެހޭ ގޮތްވީއެވެ.

“ހީވަނީ ނިދާފައިހެން… ރޭގައި ވަރަށް ލަހުންނެއްނު އާދެވުނީ” ހަމްރާ އޭނާގެ ދަރިފުޅު ދިފާއުކުރަން އުޅޭ ކަހަލަ ގޮތަކަށް ބުނެލިއެވެ.

“އަހަރުމެން ވެސް އައީ ލަހުން. އެކަމަކު ދުވާލު ހަތަރުދަމު ނިދާކަށް ނޯންނަން. އައިދަން ވެސް އެ އުޅެނީ ހޭލާ. ނަމާދަށް ވެސް ދިޔަ، ހަމްރާ ގޮސް އޭނާ ނަގާ… މިހާރު ހުންނާނީ ނިދިފައި” ސިޓިންގރޫމު ސޯފާގައި އިން ސުފިޔާނު ބުނެލިއެވެ. ހަމްރާ މަޑުމަޑުން ބޯޖަހާލިއެވެ.

އަސުރު ނަމާދުކޮށްލައިގެން ރާބިއާ ސިޓިންގރޫމަށް ނުކުމެވުނު ވަގުތު ސުފިޔާނުގެ އަޑު އޭނާއަށް އިވުނެވެ. އެހެންވެ ސޯފާގައި އިށީނަން ދިއުމުގެ ބަދަލުގައި އީތަންގެ ކޮޓަރި ކައިރިއަށް އައިސް ހުއްޓިލަމުން ދޮރުގައި ޓަކި ދިނެވެ. ރާބިއާ ގޮވާލިތާ ގިނަ އިރެއް ނުވަނީސް އީތަން ކޮޓަރީގެ ދޮރު ހުޅުވިއެވެ.

ތަހުސީނު ލިފްޓުން ނުކުމެ އޭނާގެ މައިންބަފައިން އުޅޭ ބަޔަށް ވަނެވެ. ސައިބޮއެގެން ބޭރަށް ދާން ބޭނުންވާތީ އޭނާ އައިސް ވަނީ ބަދިގެ ފަރާތަށެވެ. ކާމޭޒުދޮށުގައި ސައިބޯން އިން ޝައުން ފެނުމާއެކު ތަހުސީނުގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އެހެންނަމަވެސް އެއްޗެއް ނުބުނެވުނީ މަންމަ ޒާހިރާ ވެސް އިނުމުންނެވެ.

“ސައިބޯން ދޯ ތިއައީ…” ދޮރުކައިރީ ޝައުންއަށް ބަލަހައްޓައިގެން ހުރި ތަހުސީނަށް ޒާހިރާ ބުނެލިއެވެ. އެއާއެކު ބޯޖަހާލަމުން ތަހުސީނު އައިސް ކާމޭޒު ދޮށުން ގޮނޑިއެއް ދަމާލާފައި އިށީނެވެ. އޭނާ އިށީނުމާއެކު ޝައުން ގޮވާލިއެވެ. ނަމަވެސް މިފަހަރު ތަހުސީނު އެއްވެސް ޖަވާބެއް ނުދިނެވެ. އެތަނުގައި ހަރަކާތްތެރިވަމުން ދިޔަ ބިދޭސީ ގެންގުޅޭ ކުއްޖާ ތަހުސީނަށް ސައިހަދައި ދޭން ފެށިއެވެ.

ސައިބޮއެ ނިމިގެން ޒާހިރާ ތެދުވެގެން ދިއުމާއެކު ޝައުން ވާހަކަދައްކަން ފެށިއެވެ. އެއާއެކު ތަހުސީނު ސުވާލުކުރީ އީތަން ކޮބާތޯއެވެ. އެއާއެކު ރޭގެ ހަފުލާގެ ފުރިހަމަކަމުގެ ވާހަކަ ތަހުސީނަށް ޝައުން ކިޔައިދޭން ފެށިއެވެ. އެ ވާހަކަތަކުން ތަހުސީނުގެ ހިތަށް އުނދަގޫވުން ނޫންކަމެއް ނުވިއެވެ. ޒޫރިންގެ ހާލާމެދު އީތަން ނުވިސްނީތީ ތަހުސީނުގެ ގާތަށް އައީ ރުޅިއެވެ.

“ކޮންއިރަކުން އީތަން އަންނާނީ” ތަހުސީނު އަހާލިއެވެ.

“ނޭނގެ. މިއުޅެނީ ޚަބަރެއް ނުވެގެން. ހީވަނީ އަދިވެސް ނުތެދުވަނީހެން. ދާންވީ އެގެއަށްދާން… އީތަންގެ ބާތްޑޭ އަންނަނީނު… އަޅުގަނޑު މިއުޅެނީ އީތަންއަށް ސައިކަލެއް ދޭންވެގެން. އެކަމަކު އިޓްސް އަ ސަޕްރައިޒް”

“އީތަންއާ ވާހަކައެއް ދައްކާލަންވެފައި އެބައޮތް” ޝައުންގެ ވާހަކަތަކަށް ސަމާލުކަމެއް ނުދީ ތަހުސީނު ނިކަން އަވަހަށް ބުނެލިއެވެ. މިކަމުގެ ސަބަބުން ޝައުންއަށް ހައިރާންކަމެއް ލިބިގެން ދިޔައެވެ. ތަހުސީނު ކުއްލިއަކަށް އީތަންއާ ދައްކަން އޮންނާނީ ކޮންވާހަކައެއް ކަމާ މެދު ޝައުންއަށް ވިސްނާލެވުނެވެ. އެހެން ދުވަސްދުވަހު ތަހުސީނުގެ ފަރާތުން ފެންނަ ޠަބީޢަތް މިއަދު ފެންނަނީ މުޅިން ބަދަލުވެފައިވާ ތަނެވެ. އިތުރަށް ވާހަކަތަކެއް ނުދައްކާ ޝައުން ބެލީ އެތަނުން ދެވޭތޯއެވެ. ތަހުސީނު އިނީ ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިފައި ހެން ހީވެގެންނެވެ.

“ޝައުން ކޮންއިރަކުން މީހަކާ އިންނަން ގަސްދުކުރަނީ” ޝައުން އިން ގޮނޑިން ފޫހިއްލާލުމާއެކު ތަހުސީނު ސުވާލުކޮށްލިއެވެ.

“އަޅުގަނޑު…. އަޅުގަނޑު އަދި އެކަހަލަ ކަމަކާ ނުވިސްނަން” ރަކި ގޮތަކަށް ޝައުން ބުނެލިއެވެ. އޭނާ އަންހެންކުދިންނާ ކިތަންމެ ދޯޅުކޮށް އުޅުނެއްކަމަކު އެކަން ޢާއިލާއާ ހަމައަށް އަޔަކަ ނުދެއެވެ. އަދި އެފަދަ ވާހަކަތަކަކީ ޢާއިލާގެ މެންބަރުން ގާތު ދައްކާ ކަހަލަ ވާހަކައެއް ނޫނެވެ. ކިރިޔާ ވެސް އެ ފަދަ ވާހަކައެއް ދެކެވިފައި ހުރީ ތަހުސީނާއެވެ. އެވެސް މަދު ފަހަރަކުއެވެ.

“ވިޔާނުދާކަމެއް ނުކެރެވެނީސް އަވަހަށް މީހަކާ އިނުން އެއީ ބުއްދިވެރިކަމެއް. އެހެންނޫނީ ޒުވާން އުމުރުގައި އޮންނާނީ ކޮންމެވެސް ނުބައި މަގަކުން ދެވިފައި” ޝައުންއަށް އެއްގޮތަކަށް ވެސް ތަހުސީނު ދެއްކި ވާހަކައެއް ނަގައެއް ނުގަނެވުނެވެ. އެހެންވެ އެކަމަށް ބުނާނޭ އެއްޗެއް ވެސް ޝައުންއަކަށް ނޭނގުނެވެ. ތަހުސީނު ވެސް އިތުރު ވާހަކައެއް ނުދެއްކުމުން ބަދިގެ ފަރާތުން ނުކުމެގެން ޝައުން ދިޔައީ ސިކުނޑީގައި ސުވާލުމާކެއް ޖެހިފައި ހުރެގެންނެވެ.

އިރުއޮއްސެން އުޅެނިކޮށް ރޭޝްމާ މެންގެއަށް ތަހުސީނު އައެވެ. ޒޫރިންގެ ޠަބީޢަތް ބަދަލުވެފައިވާތީ އެކަމާ ރޭޝްމާ ކަންބޮޑުވުން ފާޅުކުރިއެވެ.

“ރީންގެ އުޅުން ބަދަލުވާނެ، އެއީ އެކަކަށް ވެސް ހުއްޓުވޭނޭކަމެއްނޫން. އަހަރުމެންނަށްވުރެ ބޮޑަށް އޭނާ ވިސްނަން ވެސް ވިސްނާނެ. ދިމާވެގެން މިއުޅެނީ ކުޑަކަމެއްނޫން. ރޭޝް ވެސް ހިތްވަރުކުރޭ. ރީން އެކަނިވިޔަ ނުދީ އަހަރުމެން އޭނާއާއެކު ތިބިކަން އަންގައިދީ. ހަޤީޤަތުގައި ރީން ކުރާނެ ހިތާމަ އަހަރުމެންނަށް އިހުސާސް ވެސް ނުކުރެވޭނެ…. މިއަދު އަހަރެން ވެސް ވަރަށް ދެރަވޭ. އެކަމަކު ކޮށްދެވޭނެ ކަމެއް ނެތް”

ތަހުސީނު އޭނާގެ އަމިއްލަ ދިރިއުޅުމުގައި ހިނގާފައި ހާދިސާ ހަނދާނަށް އައެވެ. އެކަން ރޭޝްމާއަށް ޚިއްޞާކުރަން ހިތަށް އެރިއެވެ. ނަމަވެސް އޭރުން އީތަން ފަދަ މީހެއްގެ ގޮތުގައި ތަހުސީނު ވެސް “ލޭބަލް” ކުރެވިގެން ހިނގައިދާނޭ ހީވެ ބުނަން ނުކެރުނީއެވެ. އެކަމަކު ރޭޝްމާއަށް ހުރިހާ ކަމެއް ކިޔައިދޭން ވެސް އޭނާ ބޭނުމެވެ. އުމުރުގައި ކުރެވުނު ހަމައެކަނި ކުށަކީ އެއީއެވެ. މިއަދު އީތަންއެކޭ އޭނާއެކޭ ތަފާތެއްނެތޭ ތަހުސީނުގެ ޟަމީރު ބުނަމުންދިޔައެވެ. ޒޫރިންގެ މަތިން ހަނދާންވާ ކޮންމެ ފަހަރަކު ހިތަށް އުނދަގޫވަނީ އެހެންވެއެވެ.

* * * *

ދުވަސްތައް ފާއިތުވެ ދިޔައެއްކަމަކު ޒޫރިންގެ ހިތަށް ލިބިފައިވާ ޒަހަމްތައް ފަސޭހަވުމުގެ ބަދަލުގައި ފުންވަމުންދިޔައެވެ. މަންމަގެ ކުރިމަތީ ހަމަޖެހިލައިގެން ހުންނަން މަސައްކަތް ކުރި ނަމަވެސް އެކަނިވެލާއިރަށް ރޮވޭ ވަގުތު ގިނައެވެ. ވިސްނާ ފިކުރުކުރުން ނޫންކަމެއް މިއަދު އޭނާއަށް ނެތެވެ. އަބަދު އިންނާނީ ކޮންމެވެސް ޚިޔާލަކަށް ގެއްލިފައެވެ. ރަނގަޅަށް ކެވެނީއެއް ނޫނެވެ. ހަށިގަނޑުގައި ވަރު ނުހުންނާތީވެ އަނބުރައިގަންނަ ދުވަސްތައް ގިނައެވެ. އެހެންވެ ހޮސްޕިޓަލުގައި އެޑިމިޓް ކުރަންޖެހެއެވެ. އެކަމާ ރޭޝްމާ އާއި ތަހުސީނު ތިބެނީ ނުހަނު ކަންބޮޑުވެފައެވެ. އެމީހުންނަށް ވީވަރަކުން ޒޫރިންގެ ހިތްހަމަޖައްސައިދޭން މަސައްކަތްކުރިއެވެ.

އޮފީހަށް ވަކި އެއްޗެއް ނާންގާ ޒޫރިން ހުރުމުގެ ސަބަބުން އެތަނުން ވަކިކުރަން ނިންމިކަމުގެ މެސެޖު ލިބުނެވެ. އަދި ވަކިކުރި ކަމުގެ ލިޔުން ނެގުމަށް ވެސް އަންގާފައި އޮތެވެ. އެކަމާ ވެސް ޒޫރިން ކަންބޮޑުވުން ނޫންކަމެއް ނުވިއެވެ. އޮފީހުގެ ރަޙުމަތްތެރިންނަށް ފެނިއްޖެނަމަ ސުވާލުކޮށް ހަދާނޭކަން ޔަޤީނެވެ. ގިނަ ދުވަސްތަކެއް އެކުގައި ހޭދަ ކުރެވިފައި ނުވިޔަސް ކުއްލި ގޮތަކަށް ޒޫރިން އޮފީހަށް އައުން ހުއްޓާލީމާ ސުވާލުނުކުރާނެ މީހަކު ނުހުންނާނޭކަން ޤަބޫލުކުރެވެއެވެ. ގެއިން ބޭރަށް ނުނިކުންނަން ޒޫރިން ބޭނުންވަނީ އެހެންވެއެވެ. އެކަމާ ކަންބޮޑުވެފައިވާ ރޭޝްމާ ބޭނުންވީ ޒޫރިން ގޮވައިގެން ރާއްޖޭން ބޭރަށް ފުރާށެވެ. އެހެންނަމަވެސް އެކަމާ ވެސް ޒޫރިން އެއްބަހެއްނުވިއެވެ. އީތަންއާ އެއްފަސްގަނޑެއްގައި ހުންނަން އޭނާ ބޭނުންވަނީއެވެ. އީތަން ކަންތައްކުރި ގޮތް ޒޫރިންގެ ހިތުން ނުފިލިއެއްކަމަކު އޭނާ ދެކެ ވެވުނު ލޯތްބަށް ބަދަލެއް ނާދެއެވެ. ތަހުސީނު ވެސް ބޭނުންވަނީ މާޙައުލު ބަދަލުކޮށްލާށެވެ. ނަމަވެސް ޒޫރިން ދެކޮޅު ހަދާތީވެ އެކަކަށް ވެސް އޭނާ މާލެއިން ބޭރަށް ނުގެންދެވުނީއެވެ.

ތަހުސީނާއި ދިމާވި ދުވަހު އީތަންގެ ކަންފަތްމަތީގައި ޖެހި ހަނދާން އީތަންގެ ހަނދާނުގައި ހަރުލާފައި ހުއްޓެވެ. އަދި އެއީ ކީއްވެ ޖެހި ޖެހުމެއްކަން ވެސް އީތަންއަށް ތަހުސީނުގެ ވާހަކަތަކުން އެނގުނެވެ. ޝައުން އޭނާގެ އެކުވެރިޔާ ސަލާމަތް ކުރުމަށް ދެއްކި ވާހަކަތަކުން ތަހުސީނު ހައިރާން ކުރުވިއެވެ. ޒޫރިންއަކީ ވިޔާނުދާ ކުއްޖެއްކަމާއި އޭނާގެ މަންމައަކީ ހަށިވިއްކުމުގެ ވިޔަފާރިކުރާ މީހެއްކަމުގައި ބުނުމުން ތަހުސީނުގެ ރުޅި އެ ދުވަހު ކޮންޓްރޯލުން ނެއްޓިއެވެ. އެ ދުވަހަށް ފަހު ޝައުން އާއި އީތަންއަކާ ތަހުސީނު ވާހަކައެއް ނުދައްކައެވެ. އެކަމާ ރޭޝްމާއާ ވެސް ސުވާލެއް ނުކުރެއެވެ. އެހެންނަމަވެސް ތަހުސީނު އެކަމާ ވިސްނައެވެ. ރޭޝްމާގެ އެހާ އަނދިރިފަރާތެއް އޮވެދާނެކަމާމެދުއެވެ. ފަހަރެއްގައި ރޭޝްމާގެ ހަޔާތުގެ ވާހަކަތައް ކިޔައިދޭން ނުކެރިގެން އުޅެނީ އެހެންވެ ކަމުގައި ވެސް ތަހުސީނަށް ހީވާން ފެށިއެވެ. ނަމަވެސް ރޭޝްމާއަށް ކުރާ އިތުބާރު ގެއްލޭކަށް އޭނާ ނޭދެއެވެ.

ޖަޒްލާ ހުންނަނީ ފާޑަކަށް ހިތްހަމަނުޖެހިއެވެ. ކައިވެންޏަށް ރަންކީތާ ގިނަ ދުވަސްތަކެއްވެ ކީ ރަން ވެސް ބާތިލުވެއްޖެއެވެ. ނަމަވެސް އީތަންގެ ޝަކުވާއަކަށްވީ ޖަޒްލާ މާ އަވަސްއަރުވާލާފައި ކައިވެނިކުރަން އުޅެނީ ކަމުގައެވެ. އެކަމާ ދެ މީހުންވަނީ ދެބަސްވެފައެވެ. އެ ދެ ޒުވާނުން ކައިވެނި ކުރާނޭކަމުގެ އެއްވެސް ޔަޤީންކަމެއް ދެ ފަރާތުގެ ޢާއިލާއަކަށް މިހާރަކު ނެތެވެ. އީތަން ކައިވެނި ކުރަން ބޭނުންވިއިރު ޖަޒްލާ ހުރީ ވަގުތު ބޭނުންވެފައެވެ. މިހާރު ޖަޒްލާ ކައިވެނި ކުރަން ބޭނުންވެފައިވާއިރު އީތަން އަދި އެހާ އަވަހަށް ކައިވެނި ކުރާކަށް ބޭނުމެއްނޫނެވެ. ނަމަވެސް އެ ދެމެދުގައި އޮތް ގުޅުން ދެމިއޮތެވެ. ކާމިލު ވެސް ހުރީ ޖަޒްލާ އާއި އީތަންގެ އުޅުން ހުރި ގޮތާއި މެދު ހިތްހަމަނުޖެހިފައެވެ. ސުފިޔާނު ވަކިން ބޮޑަށް ހިތްހަމަނުޖެހުނެވެ. ޢާއިލާ ތެރޭގައި ވެސް ދެ ޒުވާނުންގެ ގުޅުން ވަނީ ހީނަރުވެފައެވެ.

ރޭގަނޑު ބާރަޖެހިއިރު ނާޒިލު އާއި ފައިހަމް ތިބީ ކޮފީއެއް ބޯލުމަށް އައިހެވެ. ކޮފީމޭޒެއްގެ ދޮށުގައި ތިބި ދެ ޒުވާނުން ތެދުވި ވަގުތު އެތަނުން އެކަކަށް ފައިހަމް ބަލާލާފައި ނިތްއަރުވާލުމުން އެކަމާ ނާޒިލު ވަރަށް ހައިރާންވިއެވެ. އަދި އެ ދެ ޒުވާނުން ސިޑިން ފައިބައިގެން ދިއުމާއެކު ފައިހަމްއާ ސުވާލުކުރަން ފެށިއެވެ.

“ފައިހަމް ދަންނަންތަ އޭނަ” ނާޒިލު އަހާލިއެވެ.

“އާން! މަގޭ ރައްޓެއްސެއް ހުންނާނެ ކައިލަން ކިޔާ. އޭނާގެ ބެސްޓީގެ ބޯއީފްރެންޑު އެއީ”

“އީތަން ދޯ އޭނައަށް ކިޔަނީ” ނާޒިލު ވިސްނަން އިނދެފައި އަހާލިއެވެ.

“ނާޒިލު ވެސް ދަންނަނީތަ؟” ފައިހަމް އެނގެން ބޭނުންވިއެވެ.

“ވަރަށް ރަނގަޅަށް ދަންނަން”

“ތިބުނި އެއްޗެއް ނޭނގުނު. އަނެއްކާ އޭނާގެ ފަރާތުން ކަމެއް ވީތަ؟” ޤަބޫލުނުކުރެވިފައި އިންހެން ފައިހަމް އަހާލިއެވެ.

“އަންހެންކުއްޖަކަށް ދެވޭނެ އެންމެ ބޮޑު ލަނޑު ދީފައި އޭނާ އެ ހުރީ، މަވަރު މީހެއްނެތިގެން މޭފުއްޕާލާފައި އުޅޭއިރު ހީވެސް ނުވެއެއްނު”

ނާޒިލުގެ ވާހަކައިން ފައިހަމްއަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބިގެން ދިޔައެވެ. ނާޒިލު އާއި އީތަންގެ ދެމެދުގައި ހިނގާފައި އޮތީ ކޮންކަމެއްކަން އޮޅުން ފިލުވަން އިތުރަށް ޝައުގުވެރިވިއެވެ. އޭނާއަށް ވެސް އެނގިފައި އޮތް ގޮތުގައި އީތަން ރައްޓެހިވެގެން އުޅެނީ ޖަޒްލާއާއެވެ. އަދި އެ ދެމީހުންގެ ދެމެދުގައި އޮތް ގުޅުމަށް ވަރަށް ގިނަ އަހަރުތަކެއްވެއްޖެއެވެ. ދެމީހުން ކައިވެނި ނުކުރާކަމެއް ވެސް މިހާރު ނޭނގެއެވެ. ކައިލަންއާ ފައިހަމް ދިމާ ނުވާތާ ވެސް ވަރަށް ގިނަ ދުވަސްވެއްޖެއެވެ. ދިމާވިޔަސް ޖަޒްލާގެ ވާހަކަ ކައިލަން ނުދައްކާނެއެވެ. ކައިލަންއަށް ޖަޒްލާ ކަމުދާހެން ފައިހަމްއަށް އޮތީ ކޮންމެވެސް ވަރަކަށް ހީވެފައެވެ.

ފައިހަމްގެ ހަނދާންތައް ނާޒިލު އާކޮށްދިނީ ޒޫރިންގެ ކައިވެންޏަށް މޭކަޕްކޮށްދޭން ދިޔަ ރެޔާ ހިސާބުންނެވެ. އެ ކައިވެނި ކުރަން ހަމަޖެހިފައި އޮތީ އީތަންއާކަމުގައި ނާޒިލު ބުންޏެވެ. ރުޅި ގަދަވެފައި އިނދެ ފައިހަމްއަށް ހުރިހާ ވާހަކައެއް ނާޒިލު ކިޔައިދިނެވެ.

ޤަބޫލުކުރަން ދަތިވިއެއްކަމަކު ނާޒިލު ދޮގެއް ނުހަދާނެކަން ފައިހަމްއަށް އެނގެއެވެ. އޭނާ ވެސް އީތަން ކުށްވެރިކުރިއެވެ. ޒޫރިންއަށް އެހީވާންޖެހޭނޭކަމުގައި ފައިހަމްއަށް ވެސް ބުނެލެވުނެވެ.

“އަހަރެން ކުޑަކޮށް ވެސް ހިޔެއްނުކުރަން އޭނާއަކީ ތިހާ ފިނޑިމީހެއްކަމަށް. މިހާރު ރީންގެ ހާލަކީ ކޮބާ؟ އެބޯޝަން ހެދީތަ؟ ނާޒިލު ވެސް ތިހާ ބޮޑުކަމެއް ހިނގައިގެން އުޅޭއިރު އަންގާލަން ވާނެއެއްނު”

“ފައިހަމް ގާތު ނުބުނާކަށްނޫން، ހައްތަހާ ވެސް ރީންއަކީ އަހަންނާ ވަރަށް ގާތް ކުއްޖަކަށްވެފައި، އޭނާ ބޭޒާރުވެގެން ދާތަން ބަލަން ކެތްނުވާނެތީވެ އެ ވާހަކަ ނުދެއްކުނީ”

“ތިބުނި އެއްޗެއް ނޭނގުނު. އެބޯޓުކޮށްލީމާ އެކަންތައް އެހިސާބުން ނިމުނީނު. އޭރުން ބަޔަކަށް އެނގިދާނޭތީ އުޅޭކަށް ނުޖެހޭނެ”

“ތި ވެސް ތެދެއް. އެކަމަކު ބައެއްފަހަރު އެބޯޝަންއަކީ ހައްލެއްނޫން… ރީންއަކީ އަޙުލާގު ގޯސްކުއްޖެއްނޫން. މައްސަލައަކީ އެ އީތަންގަނޑު ދެކެ އޭނާ ލޯބިވުން. އެބޯޝަންއެއް ނުހަދާ. ކިތަންމެ ދެރަވިޔަސް ގޯހެއް ހެދިފައި އޮތުމުން އިތުރު ގޯހެއް ހަދަން ރީންގެ މަންމަ އޭނާއަށް ހިތްވަރުދޭން ބޭނުންނުވަނީ. އަހަންނަށް ވެސް ވިސްނޭގޮތުގައި އެ ނިންމުން ގޯހެއްނޫން. އަހަރެން ޤަބޫލުކުރަން އަހަންނަކީ ރަނގަޅަށް އުޅޭ މީހެއްނޫންކަން. އެހެންވިޔަސް ރީން އެހެން އުޅޭތަން ދުށުމަކީ އަހަރެން ވެސް ބޭނުންވާކަމެއްނޫން” ނާޒިލުގެ މޫނުމަތިން ކުރިން ފެންނަމުން ދިޔަ ރުޅިވެރިކަން ފިލައި މަޑުމޮޅިކަން ވެރިވެގެންދިޔައެވެ.

“ނާޒިލު، އޭގެ ފަހުން މިހާރު ހާދަ ދުވަހެއްވެއްޖެޔޭ. ރީން މިހާރު އިންނާނީ ވިހަން ކައިރިވެފައި ދޯ”

“މިހާރު ބަނޑަށް ހަތް މަސްވެއްޖެ. އެކަމަކު ރީން މުޅިން ބަދަލުވެއްޖެ. ހިނިތުންވެލާތަނެއްނުފެނޭ. މީހުންނާ ވާހަކަދައްކައެއްނޫޅޭ. ގެއިން ބޭރަކަށް ނުނިކުމޭ. ރާއްޖޭން ބޭރަށް ވެސް ގެންދަން އުޅެފިން… ފަހަރެއްގައި މާހައުލު ތަފާތުވީމާ ބަދަލުތަކެއް އަތުވެދާނޭ ހިތާ. އެކަމެއް ވެސް ނުވި. މާލެ ދޫކޮށްލާފައި އެއްވެސް ތަނަކަށް ދާކަށް ބޭނުމެއްނުވޭ. އެ އީތަންގަނޑު އަހަރެންގެ ރީންގެ މުޅި ދިރިއުޅުން ހަލާކުކޮށްލާފައި އެހުރީ… އަހަރެން ބޭނުމެއްނޫން އޭނާއަށް ކުޑަ ވެސް އުފަލެއްލިބޭކަށް” ނާޒިލު ތިރީތުންފަތުގައި ދަތްއަޅާލި ގޮތުން ހީވީ އިތުރަށް ބަދުބަހެއް އެހެން އިންސާނަކަށް ބުނެވިދާނޭތީ އަމިއްލަ ނަފްސު ކޮންޓްރޯލު ކުރީ ހެންނެވެ.

“ހާސްނުވޭ. ތި އީތަންއަކަށް ވެސް މަށެއް ނުބުނާނަން ހަމަޖެހިގެން އުޅެވިދާނެއެކޭ. ހަނދާންވޭތަ ރިސޯޓުތައް ގެންގުޅޭ އަފީފުގެ މަތިން”

“އާން! އޭނާ ކިހިނެއްވީ. އަނެއްކާ އޭނާގެ ކައިރީތަ އީތަން މަސައްކަތްކުރަނީ”

“ނޫން! އެހެނެއްނޫން…. އަފީފުގެ ދަރިއާ މަށާ ވަރަށް ރައްޓެހިވާނެ. އޭނާގެ ފަރާތުން އަހަންނަށް އީތަން ފެނުނީ. ކައިލަން ކިޔާނީ… އޭނާގެ ބެސްޓުފްރެންޑާ މި އީތަން ރައްޓެހިވެގެން އުޅެނީ. އެ ދެމެދަށް އީތަން ނުވަންނަމަ ކައިލަން މިހާރު އުޅޭނީ އެ އަންހެންކުއްޖާއާ އިނދެގެން. ކައިލަން އޭނާގެ ފީލިންގްސް ފޮރުވައިގެން އެ ހުންނަނީ މި އީތަންއަކާ ހެދި. މަގޭ ވާހަކައަކީ އަންހެންކުއްޖަކަށް އެފަދަ ނިކަމެތި ކަމެއް ދޭން ކެރުނު މީހަކަށް ޑިޒާވްއެއްނޫން ހެޕީ ލައިފެއް. އޭނާގެ ވަށައިގެން އުޅޭ މީހުން ސެކްރިފައިސްތައް ކުރަމުން ދާހާ އީތަންއަކީ މުހިންމު މީހެއްތަ؟ އަހަރެން އޭނާއާ މެދު ދުށްގޮތް މުޅިން ބަދަލުވެއްޖެ… ނާޒިލު އާއި ކައިލަންއަކީ އަހަރެންގެ ބެސްޓުބަޑީޒް. ތި ދެމީހުންނަށް ވެސް ދޯކާ އެ ދެނީ ހަމަ އެ އީތަން. އޭނާއަށް ރަނގަޅު ފިލާވަޅެއް ދަސްކޮށްދޭން އެބަޖެހޭ” ކޮފީތަށީގައި ތުންޖަހާ އެންމެ ފަހު އެތި ފޮދު ފައިހަމް ބޯލަމުން ވިސްނާލިއެވެ.

“ރީންއާ ހެދި އަހަރެންގެ ދެއަތް މިވަނީ ބަނދެވިފައި. އެކުއްޖާ ބޭނުމެއްނުވޭ އީތަންއަށް އެއްވެސްކަމެއްގައި މަޖުބޫރުކުރާކަށް” ގޮތްހުސްވެފައިވާ މީހަކު ފަދައިން ނާޒިލު ބުނެލިއެވެ.

ކޮފީ މޭޒު ދޮށުން ތެދުވެގެން ރެސްޓޯރެންޓުން ނުކުން އިރު ވެސް ނާޒިލު އާއި ފައިހަމް ދައްކަމުން ދިޔައީ އީތަންގެ ވާހަކައެވެ. ނާޒިލަށް ނޭނގޭ އަމިއްލަ އެޖެންޑާއެއް ފައިހަމްގެ ސިކުނޑީގައި އެ ވަގުތު ދިޔައީ ރޭވެމުންނެވެ. އީތަންގެ ސިއްރު ފަޅާ އަރުވާލަން ފައިހަމް ބޭނުންވަނީއެވެ. ނާޒިލަށް ކަމެއް ނުކުރެވުނަސް ފައިހަމް ހުރީ އެއްވެސް މީހެއްގެ ބަހުގައި ބަނދެވިފައެއްނޫނެވެ. އޭނާ ބުނަން ބޭނުން ކޮންމެ އެއްޗެއް ކޮންމެ މީހެއްގެ ގާތުގައި ބުނެވިދާނެއެވެ.

ނާޒިލުގެ ފަރާތުން އެނގުނު ވާހަކަތައް ކައިލަންގެ ކަންފަތާ ހަމައަށް ފޯރުކޮށްދިނުމަށް ފައިހަމް ހުރި ކެތްމަދުވެފައެވެ. ނަމަވެސް ކައިލަން ހުރީ ރާއްޖޭން ބޭރުގައި ކަމުން އޭނާއާ ހަމައަށް އެ ޚަބަރު ފޯރުމަށް ހުރަސްއެޅުނެވެ. ފޯނުން ކިޔައިދިނުމަށްވިރެ ވާހަކައިގެ އަސަރު ބޮޑުވާނީ ދެ މީހުން ދިމާ ކުރިމަތީ ތިބެ ކިޔައިދިނުމުން ކަމުގައި ފައިހަމްއަށް ވިސްނޭތީ އޭނާ މަޑުކުރީ ކައިލަން މާލެ އަންނާނެ ދުވަހަކަށެވެ.

މަސްދުވަސްފަހުން ކައިލަން މާލެ އައިސްގެން އުޅޭކަމުގެ ޚަބަރު ފައިހަމްއަށް ލިބުމާއެކު އޭނާ އެންމެ ސުކުންތެއް ވެސް ލަހެއް ނުކުރިއެވެ. ކައިލަންއަށް ގުޅާ ވަރަށް ބޮޑު ވާހަކައެއް ދައްކާލަން ވެގެން ކޮފީއަކަށް ދިއުމަށް ފައިހަމް އެދުނެވެ.

“މި ދުވަސްކޮޅު ވަރަށް ބިޒީކޮށް މިއުޅެނީ. ޖިމްއަށް މިއަދު ދާނަން. އެތަނުން ދިމާވާނެއެއްނު”

“ހަމަޖެހިލައިގެން ތިބެ ނޫނީ މި ވާހަކައެއް ނުދެއްކޭނެ. ޓްރަސްޓްމީ ކައިލަން… ބުނަން މިއުޅެނީ ވަރަށް ބޮޑު ވާހަކައެއް. ކައިލަންގެ ބެސްޓީ ޖޭޒްއާ ވެސް ގުޅުން ހުރި ވާހަކައެއް” ފައިހަމްގެ ދުލުން ޖަޒްލާގެ ނަން ނުކުތުމާއެކު ކައިލަންގެ ސަމާލުކަން ފައިހަމްއަށް ލިބިގެން ދިޔައެވެ. ކައިލަންއަށް އަބަދުވެސް ޖަޒްލާއަށްވުރެ މުހިންމު އެހެންކަމެއް ނޯވެއެވެ. އެހެންވެ އަވަހަށް ފައިހަމްއާއެކު ކޮފީއަކަށް އެރުމަށް ގަޑި ހަމަޖައްސާލިއެވެ.

ބައްޕަގެ މަސައްކަތެއްގައި އަވަދިނެތި އުޅެމުން އެންމެ އަވަހަށް ވެސް ކައިލަންއަށް ވަގުތެއް ލިބޭގޮތްވީ ހަވީރެވެ. ޖޭޒް ކެފޭއަށް ކައިލަން އައިސް ވަދެ ކޮޅުކޮޅު ހޯދާލިއެވެ. ލޮލުގައި ފައިހަމް އަޅައިނުގަތުމުން ފޯނު ނަގާ އޭނާއަށް ގުޅާލިއެވެ. ހުރިހާ ވަގުތެއްގައިހެން މީހުންނާއިގެން ފުރިފައި އޮންނަ ކެފޭ ތެރެއިން ފައިހަމް ބުނި ދިމާއަށް ކައިލަން އައެވެ. އޭނާއަށް ފައިހަމް ފެނުމާއެކު އަތުން ކުޑަ އިޝާރާތެއްކޮށްލަމުން ހިނިތުންވެލައިގެން ހުރެ އައިސް މޭޒު ދޮށުގައި އިށީނެވެ.

“ކޮފީ… ބްލެކް…” ކައިލަން އިށީނުމާއެކު ފައިހަމް އަހާލީ އޭނާއަށް ކައިލަން ބޭނުންވާނީ ކޮންއެއްޗެއްކަން އެނގިގެން އަހާލާ ފަދައިންނެވެ. ކައިލަން ބޯޖަހާލުން އަތުން ފުއްޓަތްކެއް ޖަހާލާފައި އެތަނުގައި އުޅުނު ވޭޓަރަކަށް ގޮވާލާ ފައިހަމް އޯޑަރު ދިނެވެ.

“ކޮންމެވެސް އެއްޗެއް ކާލަން ބޭނުން. ވަރަށް ބަނޑުހައި…. އަދިކިރިޔާ މި ސަލާމަތްވީ” ކައިލަން މިހެން ބުނެލުމާއެކު ކޮފީގެ އިތުރުން ކާލާނެ ލުއި އެއްޗެއް ގެނައުމަށް ވެއިޓަރުގެ ގާތުގައި އެދުނެވެ.

“ހޫން! ދެން ކިޔައިދޭންވީނު” ފައިހަމް ވިސްނަން އިން ފަދަ ގޮތަކަށް ހިމޭނުން އިންނަން ފެށުމުން ކައިލަން ބުނެލިއެވެ.

ވާހަކައިގެ ޒާތުން ފުރަތަމަ ފަށާނީ ކީކޭ ކިޔައިފައި ކަމެއް ފައިހަމް ވިސްނާލީއެވެ. އޭނާ ދައްކާ ވާހަކައަކީ ތެދުކަން ކައިލަންއަށް ޤަބޫލުކުރެވޭނީ އޭރުންނެވެ. ވިސްނަވިސްނާފައި ފައިހަމް ވެސް ވާހަކަފެށީ ނާޒިލު ވެސް ފެށި ހިސާބުންނެވެ. ޒޫރިންގެ ކައިވެނި ކުރުމަށް ހަމަޖެހިފައި އޮތް ރޭ ފައިހަމް އެގެއަށް ދިޔަ ހިސާބުންނެވެ. އިއްތިފާގަކުން އެރޭ ފައިހަމްއާ ކައިލަން ވެސް ވަނީ ދިމާވެފައެވެ. އެހެންކަމުން ކައިލަންއަށް އެ ވާހަކަތައް ޤަބޫލުކުރަން މާގިނަ ހެކިތަކެއް ބޭނުމެއްނުވާނޭކަމުގައި ފައިހަމްއަށް ވިސްނުނެވެ.

ފައިހަމްގެ ވާހަކަތައް ޝައުގުވެރިކަމާއެކު ކައިލަން އަޑުއަހަން އިންއިރު އޭނާގެ ދެބުމަ ދޭތެރެއަކުން ކައިރިކޮށްލާ ދެދަތްޕިލާ ޖައްސާ ބާރުކޮށްލައެވެ. އެ ސިކުނޑީގައި ހައިޖާނެއް ހިނގަމުންދާކަން ޔަޤީނެވެ. ނަމަވެސް ފައިހަމްގެ ވާހަކަ މެދުކަނޑާނުލާ އޭނާ ދެއްކި ހުރިހާ ވާހަކައެއް ކައިލަން އަޑުއެހިއެވެ.

“ޖޭޒްއަށް އެނގެންޖެހޭނެ މިކަން… އެކަމަކު… އޭނާއަށް އެނގުނީމަ ވާނީ ކިހިނެއް” ކަންބޮޑުވެފައި ކައިލަން ބުނެލިއެވެ.

“އެކަހަލަ ފިރިހެނަކާ ޖޭޒް ގުޅުމަށްވުރެ ހަޤީޤަތް ކިޔައިދިނުން މާރަނގަޅުވާނެ. ދެރަވިޔަސް ފަހުން އެކަމާ ހިތާމަ ކުރާކަށް ނުޖެހޭނެ” ފައިހަމް ބުނެލިއެވެ. މޭޒުމަތީ އުޅަންބޮށި ވިއްދާލައިގެން އިނދެ ކައިލަން އޭނާގެ ނިތްކުރީގައި އަތްތިލަ ހިންގާލިއެވެ.

“އަހަރެން މިވާހަކަތައް ދޮގެއް ނުކުރާނަން. އެހާ އިތުބާރު ހިފޭ މީހަކު އަހަންނަށް ކިޔައިދިނީ. އީތަން އެއްބަސްނުވިޔަސް އެ އަންހެންކުއްޖާ ވިހަން އެއުޅެނީ އޭނާގެ ދަރިއެއް” ފައިހަމް ބުނެލިއެވެ.

“ފައި ނޫން މީހަކު ބުނިނަމަ އަހަންނަށް ވެސް ޤަބޫލެއްނުކުރެވުނީސް. ހަނދާންއެބަހުރި އެރޭ އެގޭ ދޮށުން ފައިއާ ދިމާވި ގޮތް. އެރޭ އަހަރެން ދިޔައީ ޖޭޒްގެ ރަންކިއުމުގެ ރަސްމިއްޔާތަށް ދިއުމަށް…. އަޅެ ކާކު ދޯ ހީކުރާނީ އީތަން އެވަރުގެ ކަމެއް ކޮށްފާނެއޭ. އަހަރެން ހިތަށް އެރިޔޭ އީތަން ހާދަ ވިއާޑްކޮށޭ އުޅެނީ. އޭނާ ޖޭޒްއަށް އިންޓްރެސްޓު ނެތީވިއްޔާ ކީއްވެބާ ޖޭޒްއާ މެރީ ކުރަން އެ އުޅެނީ. މުދަލާ ފައިސާއަށް ކަންނޭނގެ… އަރާމުގައި އުޅެވޭނެތީކަމަށް ވެސް ވެދާނެ”

“އީތަންގެ އިންޓެންޝަނެއް ފައިއަކަށް ނޭނގޭ… ކަންތައްކުރާނޭ ގޮތެއް އެނގޭނީ ކައިލަންއަށް” ފައިހަމް ބުނެލިއެވެ.

“ތޭންކްސް ބަޑީ… ތި ދިން ޚަބަރުން ބޮޑު ކަންތައްގަނޑެއް ހިނގާނެކަން ޔަޤީން. އެކަމަކު ތިއީ ސިއްރުކުރެވޭނޭވަރުގެ ކަމެއް ވެސް ނޫން. އެ އަންހެންކުއްޖާ ވެސް ހާދަ މޮޔައޭ… ކީއްކުރަންތަ އީތަން ދޫކޮށްލީ. އީތަންއަށް ޖެހޭނީ އޭނާ ކުރި ކަމުގެ ޒިންމާ ނަގަން. ޕްރެގްނެންޓް ވުމަކީ ކުޑަކަމެއްނޫން” ކައިލަން ބުނެލިއެވެ.

މުޅި ރޭ ކައިލަން ހޭދަކުރީ ވިސްނުމުގައެވެ. ޖަޒްލާއަށް އެނގުމުން ވާނޭ ގޮތާމެދުއެވެ. އޭނާ އީތަންދެކެ ލޯބިވާކަން އެނގޭތީއެވެ. އަނެއްކޮޅުން ރުޅި ވެސް އާދެވުނެވެ. އަންހެންކުދިން އީތަންއާ ހެދި މޮޔަވާންޖެހޭ ވަރު ކޮން ސިފައެއް އޭނާއަށް ލިބިފައި ހުރީބާއޭ ހިތަށް އަރާފައެވެ. އޭނާ ބޭނުންހާ ގޮތެއް އަންހެންކުދިންނަށް ހަދާއިރު ވެސް އީތަންއާ ވަކިވާން ބޭނުންނުވާތީއެވެ. ޖަޒްލާ ގާތު ނުބުނެ ހުއްޓާ ފަހުން އެނގިއްޖެނަމަ އޭނާ މާ ދެރަވާނޭކަން ވެސް ކައިލަންއަށް އެނގެއެވެ. ކޮންމެ ގޮތެއް ވިޔަސް އީތަންއަށްވުރެ ކައިލަންއަށް މުހިންމީ ޖަޒްލާއެވެ. އެހެންވީރު ޖަޒްލާގެ ދިރިއުޅުން އީތަން ކަހަލަ ފިރިހެނެއްގެ އަތްމައްޗަށް ދޫކޮށްލިޔަކަ ކައިލަން ނުދޭނެއެވެ. ފަރުދާގެ ފުރަގަހުގައިވާ އީތަންގެ ހަޤީޤީ ސިފަ ޖަޒްލާއަށް ފެންނަން ޖެހޭނެއެވެ.

ޖެހިގެން އައި ރޭގެ އިރުއޮއްސުމާއެކު ކައިލަން އައީ ޖަޒްލާމެން ގެއަށެވެ. ކުއްލި ގޮތަކަށް ގެއިން ބައްދަލުކުރަން ކައިލަން އެދުމުން ޖަޒްލާ ހައިރާންވިއެވެ. އަދި އީތަން އެރޭ އަންނާނެތޯ ސުވާލުކުރުމުން ވަކިން ބޮޑަށް ޖަޒްލާ ސުވާލު އުފެދުނެވެ. ކައިލަންގެ އަޑުގައި ހުރި ސީރިއަސްކަން ޖަޒްލާގެ ހިތް ނުތަނަވަސްކުރުވިއެވެ.

“ދެ މީހުން އެކަނި ތިބެ ވާހަކަ ދައްކާލަން ބޭނުންވަނީ” ސިޓިންރޫމު ސޯފާގައި އިށީނުމަށް ޖަޒްލާ އުޅެން ފެށުމުން ކޮޅަށް ހުރެ ކައިލަން ބުނެލިއެވެ.

“އާދޭ ކޮޓަރިއަށް… ކައިލް ހާދަ ފާޑަކަށް ތިއުޅެނީ. ކިހިނެއްވީތަ؟” ޖަޒްލާގެ ކޮޓަރިއާ ދިމާއަށް ދަމުން އޭނާ ވާހަކަދެއްކިއެވެ. ނަމަވެސް ކައިލަން އެއްވެސް އެއްޗެއް ނުބުންޏެވެ.

ޖަޒްލާގެ ކޮޓަރިއަށް ކައިލަންއަށް ވަދެވުމާއެކު އޭނާގެ ކޮނޑުގައި ދެއަތުން ހިފާލައިގެން ގެނެސް އެނދުގައި ބޭންދިއެވެ. އަދި ކޮޓަރީގެ ދޮރުލައްޕާލާފައި އެ ކޮޓަރީގެ ހުރި ކުޑަސޯފާގައި ކައިލަން އިށީނެވެ.

“ޖޭޒް. އަހަރެން ދުވަހަކު ވެސް ޖޭޒްއަށް ދޮގެއް ނުހަދަން. އަދި ކަމެއް އޮޅުވާލާފައެއް ވެސް ނުވާނެ. އަހަރެން އަބަދުވެސް ބޭނުންވަނީ ޖޭޒް އުފަލުގައި ހުންނަން. އެކަމަކު މިރޭ އަހަރެން ބުނަން މިއައީ ވާހަކަ އަޑުހައިފައި އަހަންނަށް އިތުބާރުނުކޮށްފާނޭތީ ބިރުގަނޭ”

“ކައިލް ކީކޭތަ ތިކިޔަނީ. ސްޓޮޕް އެކްޓިންގ ވިއާޑް. އަހަރެން ކޮންއިރަކުތަ ބުނީ ކައިލްއަށް ޓްރަސްޓެއް ނުކުރަމޭ”

“އެހެންވީރު ޕްރޮމިސްކުރޭ ރުޅިނައިސް އަހަރެން މިދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާނަންކަމަށް. ހުރިހާ ވާހަކައެއް ނިމެންދެން އަޑުއަހާނަންކަން….” ކައިލަން މިހެން ބުނުމާއެކު ޖަޒްލާ ބޯޖަހާލާފައި ވަޢުދުވިއެވެ.

ކައިލަން ލަސްލަހުން މަޑުމައިތިރިކަމާއެކު އީތަންގެ ވާހަކަތައް ކިޔައިދެމުންދިޔައީ ޖަޒްލާއަށް އަންނަމުން ދިޔަ ބަދަލުތަކަށް ވިސްނައިގެން އިނދެއެވެ. އިށީނދެގެން އިންނަން އުނދަގޫވެގެން ޖަޒްލާ އެނދުން ތެދުވިއެވެ. ކައިލަންގެ ކުރިމަތީ ދެކޮޅަށް ހިނގަންފެށިއެވެ. ދޭތެރެއަކުން އަނގަމަތި އެއްއަތުން ފޮރުވާލައެވެ. އަނެއްބައި ފަހަރަށް ދެ ތުންފަތްޖައްސާ ބާރުކޮށްލައެވެ. ކައިލަންއަށް ބަލާލާ އިރު ހީވަނީ އެތައް ސުވާލެއް ކުރަން އޭނާ ބޭނުންވާހެނެވެ. އެހެންނަމަވެސް ކައިލަންގެ ވާހަކަ މެދުކަނޑާނުލާ ހުރިހާ ވާހަކައެއް އަޑުއަހަން އޭނާ ވަޢުދުވެފައިވާތީ ހިމޭންވަނީ ހެންނެވެ.

“ޖޭޒް… އައި އެމް ރިއަލީ ސޮރީ. މިއީ ޒާތީވެގެން ދައްކާ ވާހަކައެއްނޫން. އެ އަންހެންކުއްޖާ އޭނދީ ވިހަންވެފައި. މިއަދު އެ އަންހެންކުއްޖާގެ ޝޫޒްގައި ޖޭޒް އިންނަމަ ވާނީ ކިހިނެއް؟ އަހަންނަށް ފުރަތަމަ ޤަބޫލެއްނުކުރެވުނު އީތަން އެވަރުގެ ކަމެއްކޮށްފާނެއެކޭ. އެކަމަކު އެވާހަކަ ކިޔައިދިނީ ކަމުގެ ހަޤީޤަތް ވަރަށް ގާތުން އެނގިހުރި މީހެއް. އަހަރެން ބޭނުންނަމަ ޖޭޒްއަށް މިކަން ސިއްރު ވެސް ކުރެވުނީސް…”

“ދެން ކީއްވެ ސިއްރުނުކުރީ. ތި ކަހަލަ ވާހަކަ އަޑުއިވުމުން އަހަންނަށް ވާނީ ކިހިނެއްކަމެއް ކައިލް ވިސްނައެއްނުލަންތަ؟” ޖަޒްލާގެ އަޑުގައި ހުރި ރުޅިވެރިކަން ކައިލަންއަށް ނަގައިގަނެވުނެވެ.

“ވިސްނިން… ވަރަށް ވިސްނިން… މީ އަހަންނަށް ވެސް ދައްކަން ފަސޭހަ ވާހަކައެއްނޫން. މާދަމާ ނޫންކަމެއް ނޭނގޭ ޖޭޒްއާ ހަމައަށް މިކަހަލަ އަޑެއް ފޯރާނީ. އަހަރެން ބޭނުމެއްނޫން ވަގުތު ފާއިތުވާފަހުން ޖޭޒްއަށް އީތަންގެ ހަޤީޤަތް އެނގޭކަށް. އަހަންނަށް އެނގިފައި އޮތްކަމެއް ޖޭޒްއަށް ސިއްރުކޮށްގެން ހުންނާކަށް ބޭނުމެއްނޫން…. އެނގޭ ދެރަވާނެކަން. އީތަންދެކެ ޖޭޒް ލޯބިވާވަރު އެންމެ ރަނގަޅަށް އެނގޭނެ މީހަކީ އަހަރެން” ކައިލަންއަށް އިސްޖަހާލެވުނެވެ.

“އީތަން… އީތަން… ކިހިނެއްކަމެއް ނޭނގެ ދެން ހަދަންވީ… ކައިލް. އެއީ ކޮންއަންހެންކުއްޖެއްކަން އެނގޭތަ؟” ޖަޒްލާ ހުރީ ވަރަށް ހާސްވެފައިކަން އޭނާގެ ހަރަކާތްތަކުން އެނގެއެވެ.

“ޖޭޒް ހަނދާން ހުންނާނެކަމެއްނޭނގެ. ތަންކޮޅެއް ކުރިން އަހަރުމެންނަށް އެ އަންހެންކުއްޖާ ފެނިފައި ހުރީ”

“ކޮންއިރަކު؟ ކޮންތާކުން….” ހަޝަމްބަދެލައިގެން ހުރި ޖަޒްލާ އިތުރަށް ކަންބޮޑުވިއެވެ. ކައިލަންއަށް ކުރިމަތިލަމުން އޭނާ ހުއްޓިލީ ސުވާލުތަކަށް ވަގުތުން ޖަވާބު ބޭނުންވެގެން ހުރެއެވެ.

“އަހަންނަށް ކޮމްޕެނީގެ ސީއޯއޯކަން ލިބިގެން ބައްޕަ ދެއްވި ޕާޓީ ހަނދާން އެބަހުރިތަ؟ އެ ޕާޓީގައި ޖޭޒް ހުރީ އީތަންދެކެ ހިތްހަމަނުޖެހިފައި. އެ ޕާޓީގައި އީތަންއާ އަންހެންކުއްޖަކު ވާހަކަ ދައްކާތީ އެއީ ކާކުކަން އެނގެން ބޭނުންވެގެން ޖޭޒް އުޅުނީމެއްނު… ޝީޒް ދަ ވަން…”

ކައިލަންއަށް އޭނާގެ ވާހަކަ ފުރިހަމަ ނުކުރެވެނީސް ޖަޒްލާ ފެނުނީ ހުރި ދިމާއަށް ތިރިވާންފެށިތަނެވެ. އަވަހަށް އައިސް އޭނާގެ ގައިގާ ކައިލަން ހިފެހެއްޓިއެވެ. ކާޕެޓުމަތީ ޖަޒްލާ އިށީނދެ އިންއިރު އޭނާގެ މޫނުމަތިން ހީވަނީ ޝޮކެއް ލިބިގެން ބަސްހުއްޓިފައި އިންހެނެވެ. ހާސްކަމާއެކު ޖަޒްލާގެ ކޮނޑުގައި ހިފާ މަޑުމަޑުން ތަޅުވާލަމުން ކައިލަން ގޮވާލިއެވެ.

“އޭރުއްސުރެ… އެ ދެމީހުން…. އީތަން…” ޖަޒްލާގެ ހިތާއި ސިކުނޑީގައި ހިނގަމުން ދިޔަ ހުރިހާ ޚިޔާލެއް ނޭނގުނެއްކަމަކު އޭނާ ދެއްކި ވާހަކަތަކުން ކައިލަންއަށް ކޮންމެވެސް އެއްޗެއް ވިސްނުނެވެ. ނަމަވެސް ޖަޒްލާގެ ހިތްހަމަޖައްސައިދިނުމަށް އޭނާއަށް ބުނެވޭނެ އެއްޗެއް ނެތެވެ.

“ހައު ކުޑް ހީ ޑޫ ދިސް ޓު މީ. ކުޑަކޮށް ވެސް ހީނުވޭ އީތަން އެހެންމީހަކާ ރައްޓެހިވެގެންނޭ އުޅެނީ. އޭނާގެ ބޭނުމަކީ ކޮބާ؟ ދެމީހުންނާ އެއްފަހަރާ ރައްޓެހިވާންޖެހުނީ ކީއްވެ؟ އަހަރުމެން ދެމީހުންގެ ޢާއިލާއަށް ވެސް އަހަރުމެންގެ ގުޅުން އެނގޭ. އެހިސާބަށް ގެންދަންވީ ކީއްވެ؟”

“ޖޭޒް. އަހަންނަށް އެއްގޮތަކަށް ވެސް ތި ސުވާލުތަކަށް ޖަވާބެއް ދޭކަށް ނޭނގޭ. އެންމެ ރަނގަޅުވާނީ ތި ސުވާލުތައް އީތަންއާ ކުރިއްޔާ. މިހާ ދުވަހު ޖޭޒްއަށް އޮޅުވާލައިގެން އުޅުނީ އޭނާ. ފެނުނު މަންޒަރުތައް ދޮގެއް ނުކުރެވޭނެ” ކައިލަން ބުނެލިއެވެ.

ޖަޒްލާގެ އަތުގައި ހިފާ އޭނާ ނަގާ އެނދުގައި ބައިންދާފައި އޭނާގެ ގާތުގައި ކައިލަން ވެސް އިށީނެވެ. ޖަޒްލާ ބޭނުންވީ ވަގުތުން އީތަންއާ ސުވާލުކުރާށެވެ. އެންމެ ސުކުންތެއް ވެސް ބޭކާރުކޮށްލާކަށް ބޭނުމެއްނުވިއެވެ. އީތަން އެހެން ކަންތައްކުރަން ޖެހުނު ސަބަބެއް ހޯދަން ޖަޒްލާ ބޭނުމެވެ. ނަމަވެސް އެކަން ހުއްޓުވީ ކައިލަންއެވެ. އަދިވެސް ހުރިހާ ކަމަކާ ވިސްނާލަން ކައިލަން ބުންޏެވެ. އީތަންއަކީ ޖަޒްލާއަށް ކިހާ މުހިންމު މީހެއްކަން ކައިލަން ހަނދާނެއްނުނެތެއެވެ. ކުއްލިއަކަށް ނިންމުމެއްނިންމަން ޖަޒްލާއަށް ހިތްވަރުދޭން ކައިލަން ބޭނުންނުވީ އެހެންވެއެވެ. ފަހަރެއްގައި އެގޮތަށް ނިންމާ ނިންމުމަކީ ޖަޒްލާ އެންމެ ބޭނުންވާ ނިންމުމަށް ނުވުމަކީ ވެސް ވެދާނޭކަމެއްކަން ކައިލަންއަށް ވިސްނޭތީއެވެ.

އެރޭގެ އެތައްއިރެއް ވަންދެން ޖަޒްލާއާއެކު ކައިލަން އިނެވެ. ޖަޒްލާއަށް ލިބުނު ޝޮކާއެކު އޭނާ ހީވަނީ ގަބުވެފައި ހުރި ހެންނެވެ. ނަމަވެސް އޭނާގެ ހިތާއި ސިކުނޑި އެހެންޏާ މަސައްކަތްނުކުރާހާ ހަލުވިމިނެއްގައި މަސައްކަތްކުރަމުން ދިޔައެވެ. އީތަން އެހާ ބޮޑު އޮޅުވާލުމެއް އޭނާއަށް އޮޅުވާލަފާނޭކަމާމެދު އަމިއްލަ ހިތާ ސުވާލުކުރެވުނު އަދަދު ވެސް ނޭނގެއެވެ. ކައިލަން ގެއަށް ފޮނުވާލާފައި އައިސް ކޮޓަރިއަށް ވަދެވުމާއެކު ޖަޒްލާއަށް ރޮވިއްޖެއެވެ.

“ހައު ކުޑް ޔޫ ޑޫ ދިސް ޓު މީ އީތަން… އެންޑް ޝީޒް ޕްރެގްނެންޓް… ވަޓް ދަ….” ރޮވެމުން ދިޔަ ޖަޒްލާ ބުނެލިއެވެ.

އަމިއްލަ ހިތާ ޝަކުވާކޮށްލަ ކޮށްލާ ޖަޒްލާ އެނދުގައި އޮތެވެ. އޭރު ރޮއެރޮއެ އޭނާގެ ދެ ލޯ ދުޅަ ވެސް ވެއްޖެއެވެ. ދުވަހަކު ވެސް އަންހެންކުއްޖަކާ އެފަދަ ގާތް ގުޅުމެއް އީތަން ހިންގަފާނޭކަމަށް ޖަޒްލާއަށް ކުޑަކޮށް ވެސް ޤަބޫލެއްނުކުރެވެއެވެ. ވީހާ ވެސް އަވަހަކަށް އީތަންއާ ބައްދަލުކޮށް ކައިލަން ދެއްކި ވާހަކައާ ގުޅިގެން ސުވާލުކުރަން ޖަޒްލާ ބޭނުންވަނީ އެހެންވެއެވެ. އެކަމަކު ކައިލަންގެ ނަސޭޙަތުގައި އޭނާ ހިފީ ކީއްވެކަމެއް ޚުދު އޭނާގެ އަމިއްލަ ނަފްސަށް ވެސް ނޭނގެއެވެ. ފަހަރެއްގައި އަދިވެސް އިތުރަށް ވިސްނާލަން ޟަމީރު ބޭނުންވަނީ ކަންނޭނގެއެވެ. އީތަން ވިޔާނުދާ ޢަމަލެއް ހިންގުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެއްގެ ގޮތުގައި ޖަޒްލާގެ ހިތާއި ސިކުނޑި ވެސް އެއްބަސްވާތީއެވެ.

އެއްފަރާތަށް އޮވެއޮވެ ވަރުބަލިވުމާއެކު އެނދުގެ އަނެއްފަރާތަށް ރޭޝްމާ އެނބުރިލައެވެ. ކަންބޮޑުވެފައި އޮތް ރޭޝްމާގެ ލޮލާ ނިދި ވަކިވެފައި ވެއެވެ. ފިކުރުބޮޑުވެފައި ވިސްނަން އޮތްއިރު ރޭގަނޑުގެ އެއްދަން ހުސްވެ ހިނގައްޖެކަން ވެސް އޭނާއަކަށް ނޭނގެއެވެ. ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދިފައިވަނީ ޒޫރިންއާ މެދުއެވެ.

އެހެން ދުވަސްދުވަހަށްވުރެ މިއަދު ޒޫރިންގެ ހާލު ބޮޑެވިއެވެ. އަގަޔަށް ކާއެއްޗެއް ދިއުމާއެކު ހަޖަމުވާނޭހާ ވެސް އިރެއްނުވެއެވެ. އެ ކެއިއެއްޗެއް ހޮޑަށް ވެގެން ބޭރުވެދެއެވެ. ތަހުސީނު ގެނެސްފައި ހުރި ކުރުނބާ ފެންފޮދެއް ނޫނީ އެކުއްޖާގެ ހަށިގަނޑުގެ އެތެރެއަށް ނުދިޔައެވެ. ބަނޑުގައި ހިފަހައްޓާލައިގެން އުޅޭ ގޮތުން ހީވަނީ ބަނޑުގައި ރިހެނީހެންނެވެ. އެހެންނަމަވެސް އަނގައިން ބަހެއް ނުބުނެއެވެ. ސައުވީސްގަނޑިއިރު ހެން ހުންނަނީ ކޮންމެވެސް ޚީޔާލެއްގެ ތެރޭގައެވެ. ގިނަވަގުތު ހޭދަ ކުރަނީ ޓެރެސްގައި ހުރި ސަރަންފީގައެވެ. ފެންނަ ހިސާބުގައި ގިޓާ ބަހައްޓާލައިގެން އެއަށް ބަލަން އެތައް އިރަކު އޭނާ އިނދެދާނެއެވެ. މިއުޒިކު ކުޅެން ލޯބިކުރި ޒޫރިންގެ ޝައުގުވެރިކަން ގެއްލިފައިވާ ކަހަލައެވެ. ނޭވާ ހިނގާތީ ހަށިގަނޑާއި ފުރާނަ ވަކިނުވެ ހުރި ކަހަލައެވެ. ނަމަވެސް ބޭރުފުށުން ޒޫރިންއެކޭ ދިރުމެއްނުވާ މަސްގަނޑެކޭ ތަފާތެއްނެތެވެ.

ރޭޝްމާ އެންމެ ކަންބޮޑުވަނީ ޒޫރިން ވާހަކަނުދައްކާތީއެވެ. ހިތުގައިވާއެއްޗެއް ޚިއްޞާ ނުކުރާތީއެވެ. ތަހުސީނުގެ އެދުމާއެކު ސައިކޮލޮޖިކަލް އެހީ ހޯދުމަށް ޒޫރިން ގެންދަން ފެށުމާއެކު އޭނާ ރޯ ރުއިން އިތުރުވެގެން ދިޔައެވެ. ހިތެއްވާ އިންސާނަކަށް އެމަންޒަރު ފެނިއްޖެނަމަ ހިތްފަޅައިގެން ދާހާވެއެވެ. ރޯންފަށާ ގޮތަށް ޒޫރިންއަށް ހުއްޓާ ވެސް ނުލެވެނީއެވެ. އެއީ ބަލަން ކެތްވާވަރުގެ މަންޒަރަކަށް ރޭޝްމާ އައި ތަހުސީނަކަށް ވެސް ނުވިއެވެ. ކައުންސިލިންގ ދެއްވަމުންދިޔަ ޑޮކްޓަރުގެ ލަފާއަށް ދެ މީހުންނަށް ވެސް ދެވުނީ ބީރު ކަންފަތެކެވެ. ޒޫރިންއަށް އިތުރު ވޭނެއް ލިބޭ ފަދަ ކަމެއް ރޭޝްމާއަށް ކުރަން ނުކެރުނީއެވެ. އަދި އެކަމަށް ހިތްވަރުދޭ މީހަކަށް ތަހުސީނު ވާން ބޭނުންނުވީއެވެ. ނަމަވެސް ޒޫރިން ހުރީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމުގައި ޑޮކްޓަރު ވިސްނައިދޭން މަސައްކަތްކުރިއެވެ.

މަޑުމަޑުން ރޭޝްމާ އެނދުން ތެދުވެ އިށީނެވެ. އަދި އަރިމަތީ ކަބަޑުގެ މަތީ އޮތް އަތުކުރީ ގަޑިނަގާ ބަލާލިއެވެ. ތިނެއްޖަހަން އުޅެނީއެވެ. ކަބަޑުމަތީ ގަޑި ބާއްވާލުމާއެކު ލައިގެން ހުރި ނިދާ ހެދުން ރަނގަޅުކޮށްލާފައި ރޭޝްމާ ހިނގައިގަތީ ކޮޓަރިން ނުކުންނާށެވެ.

ޒޫރިންގެ ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވާލާފައި ރޭޝްމާ އެތެރެއަށް ވަނެވެ. ސިއްރު ފިޔަވަޅުތަކެއް އަޅަމުންނެވެ. ޒޫރިންގެ އެނދު ކައިރިއަށް އައިސް މަޑުކޮށްލުމާއެކު ބޮލުން ފެށިގެން ފަޔާ ހަމައަށް ރޭޝްމާ ބަލާލިއެވެ. ދުޅަވެފައި އޮތް ދެފައި ދަށަށް ބާލީހެއް ލައްވާލައިގެން ޒޫރިންއަށް ނިދިފައި އޮތެވެ. ދަރިފުޅު ފެނުމާއެކު ރޭޝްމާގެ ހިތަށް ފުންތަދެއް އިހުސާސް ކުރެވިގެން ދިޔައެވެ. މޭގާއި އެއްއަތްއަޅާލެވުމާއެކު އަނެއްއަތުން ތުންފަތުގައި ހިފަހައްޓާލެވުނެވެ. އޭނާގެ އަނގައިން ނުކުންނަ މަޑު އާހު އެ ދަރިފުޅަށް އިވި ނިދީގެ މީރުކަމުން އެކުއްޖާ މަހުރޫމު ވެދާނޭތީއެވެ. ނަމަވެސް ރޭޝްމާގެ ސަމާލުކަން އަތުލީ ޒޫރިންގެ މޫނުމަތިން ފާޅުވެގެން ދިޔަ ވިދުމެކެވެ. މަޑުމަޑުން ދަރިފުޅާ ގާތްވެލާ އޭނާގެ މޫނު ސާފުކޮށް ފެންނާނޭހެން ރޭޝްމާ ގުދުވެލިއެވެ. އެހިނދު ރޭޝްމާގެ ދެ ލޯ ބޮޑުވެގެންދިޔައެވެ. ނިދީގައި އޮތްއިރު ވެސް ޒޫރިންގެ ދެ ލޮލުން ކަރުނައިގެ އަސަރު ފާޅުވަމުންދިޔައެވެ. ވަގުތުން ދަރިފުޅު ނަގާ މޭގައި ބޮނޑިކޮށްލަން ރޭޝްމާ ބޭނުންވިއެވެ. އޭނާގެ ދެ ލޯ ފުރި ބަންޑުންވާން ސުކުންތެއް ވެސް ނުނެގިއެވެ. ނިދީގައި އޮވެ ޒޫރިންއަށް ރޮވެނީއެވެ. ދެފަރާތަށް ބޯހޫރާލެވުމާއެކު ރޭޝްމާއަށް އޭނާގެ މޫނުގައި ދެއަތްއަޅާ ފޮރުވާލެވުނެވެ. ދެ ތުންފަތް ފިއްތާލުމާއެކު އެ ކޮޓަރިން ނުކުންނަން ރޭޝްމާ އަވަސްވެގަތެވެ.

“ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާގެ ދަރިފުޅުގެ ހިތަށް ހަމަޖެހުންދެއްވާންދޭވެ. އެ ދަރިފުޅުގެ ހިތާމަފިއްލަވާ އެ ދަރިފުޅުގެ ފާފައަށް އަފޫދެއްވާންދޭވެ… މިއަޅާގެ ރަހިމުން އުފަންނުވި ނަމަވެސް އެ ދަރިފުޅު މިއަޅާއަށް ދެއްވީ އިބަރަސްކަލާނގެ. އެ ދަރިފުޅުގެ ތަކުލީފުތައް އުފުލައްވާ އެ ދަރިފުޅަށާއި މިއަޅާއަށް ކެތްތެރިކަން ދެއްވާންދޭވެ….” ރޭޝްމާއަށް ރޮއިގަނެވުނެވެ. އޭނާގެ އެއްވެސް ކަމަކުން ޒޫރިންގެ ހިތާމަތަކަށް ކުޑަ ވެސް ލުޔެއްނުލިބޭކަން ޔަޤީންވިއެވެ. ޒޫރިންގެ ކޮޓަރީ ދޮރުކައިރީ ފާރުގައި ލެނގިލައިގެން ހުރި ރޭޝްމާއަށް މައްޗަށް ބަލާލެވުމާއެކު އެއްކައުވަންތަ އިލާހަށް މަދަދަށް އެދި ދެންނެވުނީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. އެކަލާނގެ މަތިން ހަނދުމަކުރާނަމަ އެ އަޅެއްގެ މަތިން އެކަލާނގެ ހަނދުމަނެތިއެއް ނުކުރައްވާނެތެވެ. ގިނަގިނައިން މަދަދަށް އެދެންވި ފަރާތަކީ ހަމައެކަނި ﷲ އެވެ. ގޮތް ހުސްވެ މަރަށްދެމިދެމި އޮތް ދަރިފުޅާމެދު ވިސްނުންކޮޅުންލީ ހިނދު ރޭޝްމާގެ ޟަމީރު ވެސް އެނބުރުނީ ހައްޤުވެގެންވާ ފަރާތަށެވެ.

ފަތިސްނަމާދަށް ގޮވިއިރު ވެސް ރޭޝްމާއިނީ މުއްސަލަމަތީއެވެ. ހިތަށްވަދެގެން ދިޔަ ބިރުވެރިކަމާއި ނުތަނަވަސް ޚިޔާތަކުގެ މައްޗަށް އީމާންކަމުގެ ނޫރު ފެތުރިފައިވިއެވެ. ހިތްވަރު ލިބި އަޒުމް ވަރުގަދަވެއްޖެއެވެ. މަޑުމަޑުން ތެދުވެ ފަތިސްނަމާދަށް ތައްޔާރުވުމުގެ ކުރިން ރޭޝްމާ އައިސް ޒޫރިންއަށް ގޮވާލިއެވެ.

“ދަރިފުޅާ ރީން… ރީން…” ކުއްލިއަކަށް ޒޫރިން ދެ ލޯ ހުޅުވާލިއެވެ. އެއާއެކު ރޭޝްމާ އޯގާތެރިކަމާއެކު ނަމާދަށް ތައްޔާރުވުމަށް އެދުނެވެ. އަދި އެނދުން ތެދުވުމާއެކު ފާޚާނާއަށް ވަނުމަށް ޒޫރިންއަށް ރޭޝްމާ އެހީތެރިވިއެވެ. ތާހިރުވެލައިގެން ވުޟޫކޮށްލައިގެން ޒޫރިން ނުކުތްއިރު ރޭޝްމާ ހުރީ ނަމާދުކުރާ ތަކެތި އެނދުމަތީ ބަހައްޓާފައެވެ.

ޒޫރިން ހެނދުން ބަދަލުކޮށްލުމާއެކު އޭނާ އެނދުގައި ބައިންދާފައި ދެ ފަޔަށް އިސްޓާކީނު މަހާލީ ރޭޝްމާއެވެ. އަދި ކޮޓަރީގެ އެއްފަރާތުގައި ހުރި ގޮނޑި ގެނެސް ގިބްލައަށް ސީދާކޮށް އެ ގޮނޑީގައި ޒޫރިން ބޭންދިއެވެ. އެއަށްފަހު ރޭޝްމާ ނަމާދަށް ތައްޔާރުވެލިއެވެ. ދެ މައިންގެ ދުވަސް މިހާރު ފެށެނީ އެ ފަދައިންނެވެ.

ހެނދުނުގެ ސައިމޭޒު ދޮށުން އީތަން ނުފެންނާތީ އެކަމާ ރާބިއާ ކަންބޮޑުވުން ފާޅުކުރިއެވެ. އޭރު ތަށިތައް ނަގަން ގެންގުޅޭ ކުއްޖާ ގާތު ހަމްރާ ބުނެ ކާމޭޒުމަތީ ހުރި ފެންފުޅި ނަގާ އައިސްއަލަމާރިއަށް ލަނީއެވެ.

“މަންމާ! ސުފިޔާނު ނުރިހިފައި ހުންނަވަރުން އީތަން ނާންނަނީ. ކޮންމެ ދުވަހަކު ހެނދުނު ސައިބޮއެގެން ނޫނީ ސުފިޔާނު ނުދާނެކަން އެނގޭނެ. އެންމެން އޮފީހަށް މިދަނީ ހެނދުނު” ރާބިއާއަށް ބަލާލާފައި ހަމްރާ ބުނެލިއެވެ.

“އީތަން ވެސް ނޭނގެ ކިހިނެއް އުޅެންކަމެއް އެއުޅެނީ. ޖަޒްލާއާ ވަކިވާކަށް ބޭނުމެއްނޫން. އެކަމަކު އިންނާކަށް ވެސް ބޭނުމެއްނޫން. އެއީ ކޮންކަހަލަ ދިރިއުޅުމެއް. ހަމްރާ! އަހަރެންގެ މާމަ ދަރިންނާ މެދު ކަންބޮޑުވާ ހިސާބަށް ހިނގައްޖެ. އެއްވެސް ދަރިއަކު މީހަކާ އިންނާކަށް ނޫޅޭ. އައިދަން ވެސް އެހެންހުރެ އުމުރު އެ ދަނީ. އަބަދު އެ ޖަލާލުއާއެކު ކޮންމެވެސް ސަކަރާތެއްގައި އެއުޅެނީ. އެ ދެމީހުން ވެސް ދިރިއުޅެމެއް ފަށަން ގަސްދުކުރާހެނެއް ހިޔެއްނުވޭ. ދެން ހުރީ އައިނީ… އެ މަންޖެ ކަމަކީ އޮފީހުން ގެއަށް، ގެއިން އޮފީހަށް… ދެން ކޮންވެސް އަންހެން ކުދިބަޔަކާއެކު ވިޔަފާރިކުރަން ދިއުން”

“ތިކަމާމެދު އަޅުގަނޑު ވެސް ވިސްނަން. އުމުރުން އެހާ މައްޗަށް ދިއުމުގެ ކުރިން ކައިވެނި ކުރަންވާނޭކަން އައިނީއަށް އިހަށް ދުވަހު ވެސް ވިސްނައިދިނިން. އަންހެންކުއްޖަކަށްވީމާ ވަކިން ބޮޑަށް އައިނީއާ މެދު އަޅުގަނޑު ކަންބޮޑުވޭ. އައިދަން ހީވޭ ކޮންމެވެސް ކުއްޖަކާ ވާހަކަދައްކާހެން. ބައެއްފަހަރު ފެނޭ ޖަލާލުއާ ދެ ކުދިން އެކުގައި އުޅޭ ވަގުތުތަކުގައި ވެސް ފޯނުގައި އެކަހެރި ގޮތަކަށް ހުންނަތަން. އެކަމަކު ސުވާލުކޮށްނުލެވިފައި… އަޅެ މަންމަ އެމީހުންނާ ވާހަކަދައްކާލަބަލަ”

“އާން! މަންމަ އަހާލަފާނަން، ބޭނުންވާ ގޮތެއް ބުނާނަމަ ރަނގަޅު… އީތަން ވެސް ވެގެން އުޅޭ ގޮތެއް ނުބުނި. އެހެންވިޔަސް އެކުއްޖާގެ ޠަބީޢަތަށް ބަދަލުތަކެއް އަތުވެއްޖެކަން އަހަންނަށް ޔަޤީން. މިހާރު މަށާ ވެސް ވާހަކަދައްކާލަން ނީނދެ އަވަހަށް ދެވޭތޯ އުޅޭނީ. ސުވާލެއްކޮށްފާނެތީ ވެސް ހުންނާނީ ކަންބޮޑުވެފައި ހުންނަހެން…. އަބަދު އަބަދު ނާހަނީ މިހާރަށްވުރެ ވެސް އީތަން ދުރުވެދާނެތީ. ސުފިޔާނު ވެސް ރުޅިނައިސް އީތަންއާ ވާހަކަދައްކަން މަސައްކަތްކުރާނަމައެއްނު. ފިރިހެން ދަރިފުޅާ ބައްޕައާ ގުޅުން ބަދަހިކުރަން ފަސޭހަވާނެ. ސުފިޔާނުގެ ވެސް އެ ހުންނަނީ އީތަންގެ ގޮތް. އޭނާގެ ބައްޕައާ ދެމީހުން އަބަދުމެ ތިބޭނީ ތުންދަމާފައި… މަދު ފަހަރަކު ނޫނީ އެއްގަލަކަށް ނާރާނެ”

“އީތަން އެހެން ކަންތައް ކުރުމުން އަޅުގަނޑު ވެސް މިހުންނަނީ ޖަޒްލާގެ ޢާއިލާއާ އަނގައިން ބުނަން ވެސް ނުކެރިފައި. އެމީހުން ކިހާ ވަރަކުން ދޯ އުޅުނީ… ޢާއިލާއާ ތިމާގެ މީހުންގެ ކުރިމަތީ ކިހާ ބޮޑު ލަދެއްގަންނަން މި ޖެހުނީ. މިހާރު ވެސް ޖަވާހިރުވާދީގެ ހީނާމެންނަށް މަގެއްގެ މައްޗަކުން ފެނުނަސް އަހާ ކޮންއިރަކުންތޯ ކައިވެނި ސައި އޮތީ. ނޫނީ އިބިލީހުގެ ކައިވެންޏަށް އެ ކައިވެނި ވީތޯ…. އަޅުގަނޑު ވެސް ވަކި ބުނާނީ ކީކޭ…. އެކަމަކު އީތަން ހިޔެއްނުވޭ މިކަމާ ވިސްނާހެން”

“ނޫނޭ ހަމްރާ. ފާހަގައެއް ނުކުރެވޭތަ އީތަން ގިނަވަގުތު ކޮޓަރީގައި ހޭދަކުރާކަމެއް. އަހަރެން ބިރު ވެސް ގަނޭ އެކުއްޖާ ނުބައިމަގަކުން ހިނގައިދާނޭތީ. ޝައުން ވެސް މިގެއަށް އައިސް މިހާރު ކުރާ ޝަކުވާއަކީ އީތަން އަބަދު ގޭގައި އޮންނަކަމުގެ ޝަކުވާ. އޭނާއާއެކު ބޭރަށް ދަނީ ވެސް މަދު ފަހަރަކު… އީތަންއަށް ވެގެން އުޅޭގޮތެއް ހޯދަން ކޮންމެހެން ވެސް އެބަޖެހޭ” ރާބިއާގެ ކަންބޮޑުވުން ހަމްރާއަށް އިހުސާސްވެއެވެ. އެންމެ ހަގު މާމަ ދަރިފުޅުގެ އިތުރުން ރާބިއާ އެންމެ ލޯބިވާ ކުއްޖަކީ ވެސް އީތަންއެވެ. ކިރިޔާ ކަމެއް ވިޔަސް އީތަން ވެސް ދުވެފައި އަންނާނީ ރާބިއާގެ ގާތަށެވެ. އޭނާގެ މަންމަ އާއި ބައްޕައަށް ވުރެ ވެސް މާމަ ރާބިއާ މުހިންމެވެ. އެހެންވީމާ އީތަންއަށް އަންނަ ކުޑަކުޑަ ބަދަލު ވެސް ރާބިއާއަށް ފާހަގަ ނުވެއެއް ނުދާނެކަން ހަމްރާއަށް ރަނގަޅަށް އެނގެއެވެ.

މެންދުރު ކައިލަން އޮފީހުގައި އުޅެނިކޮށް ޖަޒްލާ ގުޅިއެވެ. އޭނާ އެދުނީ އީތަންއާ ގުޅުން ހުރި އަންހެންކުއްޖާގެ މަޢުލޫމާތު ހޯދުމަށެވެ. ކޮންގެއެއްގެ ކާކުގެ ދަރިއެއްކަމެވެ. ޖަޒްލާގެ އެޖެންޑާ ނޭނގި ހުރެ ކައިލަން އޭނާ ބޭނުންވި މަޢުލޫމާތި ދިނެވެ. އަދި ހަމައެއާއެކު ޖަޒްލާއަށް ނަޞޭޙަތްތެރިވީ ވިސްނާނުލާ ފިޔަވަޅެއް ނުނެގުމަށެވެ. ހިތްހަމަނުޖެހިފައި ހުރެ ސިކުނޑިއަށްވުރެ ހިތުގެ އިހުސާސްތައް އިސްކޮށް ނަގާ ފިޔަވަޅަކުން އަބަދަށް ހިތާމަކުރަން ޖެހިދާނެއެވެ. އޭރުން އޮންނާނީ ވަގުތު ފާއިތުވެފައެވެ.

ކައިލަންގެ ސުވާލުތަކަށް ޖަޒްލާ ޖަވާބެއް ނުދިނެވެ. އެހެންނަމަވެސް އޭނާ ފަހުން ހިތާމަކުރަންޖެހޭ ވަރު ކަމެއް ނުކުރާނަން ކަމުގައި ކައިލަން ގާތުގައި ބުންޏެވެ. ފޯނުކޯލު ކަނޑާލުމާއެކު ޖަޒްލާ އަވަސްވެގަތީ ބުލޫމޫނަކީ ހެންވޭރުގެ ކިހާ ހިސާބެއްގައި ހުރި ގެއެއްތޯ ބަލާށެވެ. ފޯނުގައިވާ އެޕްގެ އެހީގައި މާލޭގެ ކިހާ ހިސާބަކު ހުރި ގެއެއްކަން ޖަޒްލާއަށް އެނގުމުން ސޯފާމަތީ އޮތް ދަބަސް ނަގާ ކޮނޑުގައި އަޅުވާލުމާއެކު ކޮޓަރިން ނުކުތެވެ.

“އައި ނީޑު ޓު ޑޫ ދިސް… އައި އެމް ސޮރީ ކައިލަން…. ހަމައެކަނި އީތަންގެ ބަހަށް އިތުބާރުކުރާ ވަރަށްވުރެ މާބޮޑުކަމެއް މީ. އަންހެންކުއްޖެއްގެ އިއްފަތްތެރިކަން ގެއްލި ބަލިވެ އިނުމަކީ ކުޑަކަމެއްނޫން. އީތަން… ހަޤީޤަތް އެނގުން އަހަންނަށް ވަރަށް މުހިންމު. އަހަރެންގެ ލޯބީގައި އުނިކަމެއްނެތްކަން ސާބިތުކުރަން ބޭނުން…” ސިޑިން ފައިބައިގެން ދޮރޯށިން ނުކުންނަން ދިޔަ ޖަޒްލާގެ ހިތަށް އަރަމުން ދިޔައެވެ.

ކަޅުރަތްކުލައިގެ ޕްރައިވެޓު ކާރު މަގުތަކުގައި ދުއްވަމުން އައިސް ހ.ބުލޫމޫން ގޭގެ ކައިރީ މަޑުކޮށްލިއެވެ. ދެއަތުން ހުންގާނު ބުރުގައި ހިފަހައްޓާލައިގެން އިން ޖަޒްލާ ފުންނޭވާއެއް ލިއެވެ. އަދި ދޮރުގެ ބިއްލޫރިގަނޑުން އެ ގެއަށް ބަލާލިއެވެ. އާދައިގެ ގޮތަކަށް ތިންބުރިއަށް ހާދާފައި ހުރި ގެއެކެވެ. އެންމެ މަތީގައި ވަނީ ޓެރެސްކަން ވަށައިގެންވާ ތިރި ފާރުބުރިން އެނގެއެވެ. އަމިއްލަ ނަފްސަށް ހިތްވަރުދެމުން އަނެއްކާ ވެސް ޖަޒްލާ ފުންނޭވާއެއް ލިއެވެ. އަދި ކާރުގެ ދޮރުފަތް ހުޅުވާލާފައި ފޭބިއެވެ. ވަކި ހިސާބަކަށް ހިނގައިގަނެފައި ހުއްޓިލަމުން ފަހަތަށް އެނބުރި އަތުގައި އޮތް ތަޅުދަނޑަށް އޮބާލާ ކާރުތަޅުލިއެވެ.

ދޮރޯށީގެ ބެލް ޖަހާ އަޑުއިވިގެން ރޭޝްމާ ތިރިއަށް އައީ ތަހުސީނު އެނބުރި އައީ ކަމަށް ހީކޮށެވެ. ތަހުސީނު އެގެއިން ދިޔަތާ އަދި އެހާ ގިނައިރެއް ނުވާނެއެވެ. އެހެންވެ ކަމެއް ޖެހިގެން އެނބުރި އައީކަމުގައި ރޭޝްމާއަށް ހީވީއެވެ. ހަލުވިކޮށް އައިސް ދޮރޯށި ހުޅުވާލީ ދޮރުގައިވާ ބިއްލޫރިކޮޅުން ބޭރު ބަލާލުމެއް ނެތިއެވެ. ދޮރުމަތީގައި ހުރި އަންހެންކުއްޖާ ފެނި ރޭޝްމާ ހައިރާންވިއެވެ. ބުޅި އިސްތަށިގަނޑު ފަހަތަށް ހަރުކޮށްލެވިފައިވާއިރު މަޑުފެހިކުލައިގެ ޓޮޕުކޮޅަކާއި ނޫކުލައިގެ ފައިކުރި ހިމަ ޖިންސެއްގައި ހުރި ދޮން އަންހެންކުއްޖާއަށް ރީތި ސިފަތަކެއް ﷲ ދެއްވާފައިވާކަން އެއްވެސް އިންސާނަކަށް ސިއްރެއްނުވާނެއެވެ.

“ކީއްކުރާ ކުއްޖެއް؟” ރޭޝްމާއަށް ވަގުތުން އަހާލެވުނެވެ.

“އަޅުގަނޑު… މީ… ރީން… ރީން އުޅޭތަ؟” އަޅައިގަންނަމުން ޖަޒްލާއަށް އަހާލެވުނީ ޖެހިލުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. އެއާއެކު ރޭޝްމާގެ ބެލުން ތަފާތުވެގެން ދިޔަކަން ޖަޒްލާއަށް ވެސް ފާހަގަކުރެވުނެވެ. މާނަފުން ގޮތަކަށް އިރުކޮޅަކު ޖަޒްލާއަށް ބަލަން ހުރެފައި ރޭޝްމާ ވާހަކަދެއްކިއެވެ.

“ރީން… ރީން އުޅެނީ ބަލިވެ. އޭނާއާ ބައްދަލެއް ނުވެވޭނެ…” ދޮގު ހަދަން ޖެހުނީތީ ރޭޝްމާއަށް އިސްޖަހާލެވުނެވެ.

“ދައްތާ… ޕްލީޒް. އަޅުގަނޑު ރީންއާ ބައްދަލުކޮށްދީ… ޕްލީޒް… އަޅުގަނޑަށް އެނގޭ ރީން ބަލިކަން. އެކަމަކު ޕްރެގްވުމަކީ އަދި ބަލިވުމެއްނޫނެއްނު…” ޖަޒްލާގެ ވާހަކަތަކުން ރޭޝްމާ އިތުރަށް ހައިރާންވިއެވެ. އޭނާއަށް ޒޫރިން ބަނޑުބޮޑުކަން އެނގުނީ ކިހިނެއްތޯ ވަގުތުން އަހަން ބޭނުންވިއެވެ. ނަމަވެސް ޒޫރިންގެ ހަޤީޤަތް އެނގިހުރެ އޭނާ ހޯދާ އައި ފުރަތަމަ މީހަކީ މިއަދު ރޭޝްމާގެ ކުރިމަތީގައި ހުއްޓި ހުރި އަންހެންކުއްޖާއެވެ.

“ތީ ރީންގެ ރައްޓެހިކުއްޖެއްތަ؟” ރޭޝްމާ އަހާލިއެވެ. އެއާއެކު ޖަޒްލާ އިސްދަށަށް ޖަހާލިއެވެ. މިއަދު އޭނާ ހޯދަން އައި ހަޤީޤަތާ ހަމައަށް ވާސިލުވުމަށްޓަކައި ދޮގު ހަދަން ޖެހުނަސް އެކަން ވެސް ކުރަން ޖަޒްލާ ނިންމިއެވެ. އެހެންވެ ރޭޝްމާއަށް ބަލާލާފައި ނިކަން ފަސޭހައިން ބޯޖަހާލީ ރޭޝްމާ ކުރި ސުވާލުގެ ޖަވާބު ދިނުމަށެވެ.

“ރީންއާ ބައްދަލުކުރަން އަޅުގަނޑު ބޭނުން… ޕްލީޒް…” ޖަޒްލާ ފެނި ރޭޝްމާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ޒޫރިންއަށް މިހާރުވަނީ ރަނގަޅު ރަޙުމަތްތެރިން ވެސް ބޭނުންވެފައެވެ. އޭނާގެ އެކަނިވެރިކަން ހަމައެކަނި ރޭޝްމާ އާއި ތަހުސީނަށް ފިލުވައެއް ނުދެވޭނެކަން ޚުދު ރޭޝްމާ ޤަބޫލުކުރަން ޖެހިފައިވެއެވެ.

“އާދޭ އެތެރެއަށް… ރީން އުޅެނީ ބަލިކޮށް. ސިޑިން ފައިބާ އަރައެއް ނުހެދޭނެ… މިހާރު އެއީ ކުރީގެ ރީންއެއް ނޫން. ރީން ހުރީ ވަރަށް ބޮޑަށް ބަދަލު ވެސް ވެފައި” އަސަރާއެކު ރޭޝްމާ ވާހަކަދެއްކިއެވެ. އޭނާގެ އިހުސާސްތައް ދެނެގަންނަން ނޭނގުނެއްކަމަކު ޖަޒްލާއަށް ރޭޝްމާގެ މޫނުމަތިން ފެންނަމުން ދިޔަ މޮޅިވެރިކަން ނަގައިގަނެވުނެވެ. އެއްވެސް މަންމައަކު އަމިއްލަ ދަރިފުޅު ކައިވެނިން ބޭރުގައި ބަލިވެ އިންނާކަށް ބޭނުމެއްނުވާނޭކަން ޖަޒްލާއަށް އެނގެއެވެ. އެފަދަ ބަދުނާމެއް ވުމީ އެ މަންމަގެ ހިތް ކުދިކުދިވާނޭވަރު ކަމެކެވެ. އެ ޚިޔާލުތަކާއެކު ޖަޒްލާއަށް އީތަން ކުއްވެރި ކުރެވުނެވެ.

ރޭޝްމާއާއެކު ޖަޒްލާ ސިޑިން އަރައިގެން އައެވެ. ޓެރެސްއަށް ނުކުމެވެން ހުރި ދޮރާ ހަމައަށް އައިސް ރޭޝްމާ ހުއްޓުނެވެ. އޭރު ފާރުބުރީގެ ވަށައިގެންވާ ހޮޅީގައި ހިފަހައްޓާލައިގެން ފުރަގަސްދީގެން ޒޫރިން ހުއްޓެވެ. ހިޔާއެޅިފައިވާ ޓެރެސް ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ. ޓެރެސްގެ ބޮޑުބައެއް ހިޔާކޮށްފައިވެއެވެ. މުށިގަނޑުތަކުގައި ތިރިކޮށް ހެދޭ ތަފާތު ގަސް އަތުރާފައި ހުއްޓެވެ. ގޮނޑިތަކުގެ ތެރެއިން ވަކި ގޮނޑިއެއްގައި ކުށަތައް ގިނަކަން ފާހަގަވެއެވެ. އެއީ ޒޫރިންއަށް ޚާއްޞަކުރެވިފައިވާ ގޮނޑިއެއްކަން ޔަޤީނެވެ.

“ރީން… ދަރިފުޅު ހޯދަން މިހިރީ ކުއްޖަކު އައިސް” އުފާވެރިކަމުގެ މޫނުމައްޗަށް އަޅާލުމާއެކު އޯގާތެރި ރާގެއްގައި ރޭޝްމާ ބުނެލިއެވެ. އޭނާއަށް ބަލަން ޖަޒްލާއަށް ހުރެވުނީ ރޭޝްމާގެ ހިތާމަތައް އޭނާގެ ދަރިފުޅަށް ފޮރުވަން މަސައްކަތްކުރާކަން އެނގިގެނެވެ.

“އެބަ އަންނަން އެއްޗެއް ތައްޔާރުކޮށްލައިގެން. އައި ފަހަރު ދާންވާނީ ކޮންމެވެސް އެއްޗެއް ކާލައި ބޯލައި ހަދައިގެން” ރޭޝްމާ މިހެން ބުނެ އެތެރެއަށް ހިނގައިގަތުމުން ޖަޒްލާ އަވަސްވެގަތީ ޒޫރިންގެ ގާތަށް ދިއުމަށެވެ.

މަޑުމަޑުން އެނބުރިލި ޒޫރިން ފެނި ޖަޒްލާއަށް ބޭއިޚްތިޔާރުގައި ފަހަތަށް ފިޔަވަޅު އަޅާލެވުނީ ބިރުވެރި ގޮތަކަށެވެ. ދެ ލޯ ބޮޑުކޮށްގެން ޒޫރިންއަށް ބަލަން އޭނާއަށް ހުރެވުނީއެވެ. ޒޫރިންގެ މޫނުމަތި ހުދުވެފައި ދެ ލޯ ބޮޑުވެފައި ދެ ކޯ ވަޅުވަދެ ކަށިގަނޑު އަރާފައި ވެއެވެ. އެހެންވުމުން ވަކިން ދެ ލޯ ބޮޑުވެ ބޭރަށް ނުކުމެފައި ހުރިހެން ހީވެއެވެ. އޭގެ އިތުރުން ދެ ލޯ ކައިރިއަށް ވަނީ އަޅިކުލައެއް އަރާފައެވެ. ކަރުދޮށުގައިވާ ކަށިގަނޑުގައި ހަންގަނޑު ތަތްލާފައި ހުރި ކަހަލައެވެ. ދެއަތުގައި މަސްކޮޅެއް ހުރިކަމުގެ ނިޝާނެއް ވެސް ނެތްކަހަލައެވެ. ކޮނޑުކަށިގަނޑު އުފުލިފައި ހުރިހެން ހީވެއެވެ. އުޅަންބޮށްޓާއި ދެއަތުގެ ކުޑަހުޅުގެ ބައްޓަން ރަނގަޅަށް ވަކިވާން ހުއްޓެވެ. ޖަޒްލާގެ ޚިޔާލުގައި އީތަންއާ ވާހަކަދައްކަން ޕާޓީގައި ހުރި ޒޫރިންއާ މިހާރު އޭނާގެ ކުރިމަތީ ހުރި ޒޫރިން އެތައްގުނައެއް ތަފާތެވެ. ހީވަނީ މަރުވެފައި ހުރި މައްޔިތަކު ކުރިމަތީގައި ހުއްޓި ހުރި ހެންނެވެ. ބަލަމުން ދިޔަ ލޮލުގައިވާ ތެތްކަމީ ކަރުނަކަމެއް ޔަޤީންކުރާކަށް ޖަޒްލާއަކަށް ނޭނގުނެވެ. އެއްވެސް އަސަރެއްނެތް ފަދަ ގޮތަކަށް ޖަޒްލާއަށް ބަލަން ހުރި ޒޫރިން ކުރިއަށް ހިނގައިގަންނަން އުޅުނު ވަގުތު އޭނާގެ ދުޅަވެފައި އޮތް ދެފައިތިލަ ފެނުނެވެ. ހީވަނީ ވަކިން ޖަހާފައި އޮތް ދެ ފައިތިލަ ހެންނެވެ.

ޒޫރިންގެ ސިފައެކޭ ގިނަ ޒަމާންތަކެއްވަންދެން ކާންނުލިބި ބަނޑައްޖެހިފައި އިން އަންހެންކުއްޖެއްގެ ސިފައެކޭ އެއްފަދައެވެ. ހިކިއަނަރޫފަވެފައިވާ ހަށިގަނޑާއިއެކު ހީވަނީ ސިނގުބަނޑެއް ލާފައި ހުރި ހެންނެވެ. ބާރު ވައިރޯޅިއެއް ޖެހިލިޔަސް ކަށިތައް މުގުރިގެން ހިނގައިދާނޭހެން ހީވެއެވެ. ހުއްޓުން އަރާފައި ޒޫރިންއަށް ބަލަން ހުރިއިރު ޖަޒްލާގެ ހިތަށް ކެތްނުކުރެވޭ ފަދަ އިހުސާސެއް ކުރެވެމުން ދިޔައެވެ. އަވަސް ފިޔަވަޅުގައި އައިސް ޒޫރިންގެ އަތުގައި ހިފާ އޭނާ ހުއްޓުވިއެވެ.

“މިތާ އިށީންނަންވީނު…” ޓެރެސްގައި ޒޫރިންއަށް ޚާއްޞަ ކުރެވިފައި ހުރި ގޮނޑި ދައްކާލަމުން ޖަޒްލާ އެދުނެވެ. އޭނާ ޒޫރިންގެ ގައިގާ ހިފަހައްޓާލި ގޮތުން ހީވީ އެ އަންހެންކުއްޖާ ބިނދިދާނޭ ކަމުގެ ބިރާއެކު ހިފަހައްޓާލި ހެނެވެ. ހަމައެއާއެކު އޭނާގެ ހިތް ހަމްދަރުދީ އިން ފުރިގެންދިޔައެވެ. އެ އަންހެންކުއްޖެއްގެ ރީތިކަމާމެދު ޖަޒްލާ ހަސަދަވެރިވި ފުރަތަމަ އަންހެންކުއްޖަކީ ޒޫރިންނެވެ. އީތަންއާއެކު ފެނުމުން ހިތާހިތާ އެތައް އެއްޗިއްސެއް ޒޫރިންއާ ދިމާއަށް ޖަޒްލާއަށް ވަނީ ކިއިފައެވެ. އެހެންނަމަވެސް މިއަދު އޭނާއާއެކު އެހުރީ އޭނާ ހަސަދަވެރިވި އަންހެންކުއްޖާއެއް ނޫނެވެ. މުޅިން ސިފަގެއްލި އެއްވެސް ދިރިމެއްނުވާ ކުއްޖެކެވެ. ފިރިހެނަކު އޭނާއާ މެދު ޝައުގުވެރިވާނޭ އެއްވެސް ސިފައެއް މިއަދު ނެތެވެ. ވިދުން ގެއްލިއްޖެއެވެ.

“ތީ ކާކުކަމެއް ނޭނގޭ…” ޖަޒްލާގެ އެހީގައި ގޮނޑީގައި އިށީނުމާއެކު ޒޫރިން ސުވާލުކުރިއެވެ.

“އަހަންނަށް ކިޔަނީ ޖަޒްލާ. އަހަރެން މިއައީ ވަރަށް މުހިންމުކަމެއް އޮޅުން ފިލުވަން ބޭނުންވެގެން. އަހަރެން ރީން ދުށީ ވަރަށް ކުރިން ޕާޓީއެއްގެ ތެރެއިން. އޭގެ ފަހުން އަހަރުމެން ދެމީހުން ދިމާވެފައެއްނުވޭ. އެކަމަކު އަހަރުމެން ދެމީހުން ވެސް ދަންނަ އެކަކު އެބަހުރި…. ރީންގެ ގާތަށް އަންނަން ޖެހުނީ އެހެންވެ”

“ތިކިޔާ އެއްވެސް އެއްޗެއް އަހަންނަކަށް ނޭނގެ. އަހަންނަކީ މީހަކަށް ކަމެއްކޮށްދެވޭވަރު މީހެއްނޫން. ތީ އަހަރެންގެ ރައްޓެއްސެއްނޫން… ދަންނަ މީހެއް ވެސް ނޫން….” ރީން އިނީ ފާޑަކަށެވެ. ޖަޒްލާއާ ވާހަކަދައްކަން ބޭނުންނުވެފައި އިންހެނެވެ. އެކަން ޖަޒްލާއަށް ވެސް އެނގޭ ކަހަލައެވެ.

“ދުރުދުރުން ވާހަކަގެންދިއުމުގެ ބޭނުމެއްނެތް. ރީން ބޭނުންވަނީ އަހަރެން އައި ބޭނުން އޮޅުންފިލުވާކައްނު. ރީން ބުނެބަލަ…. އީތަންއާ ރީންއާ އޮންނަނީ ކޮންގުޅުމެއް. ތި ދެމީހުން އުޅެނީ ރައްޓެހިވެގެންތަ؟” ޖަޒްލާގެ ދުލުން އީތަންގެ ނަން އިވުމާއެކު ޒޫރިން ކަންބޮޑުވާގޮތްވިއެވެ. ފޮރުވަން މަސައްކަތްކުރި ނަމަވެސް ޒޫރިންގެ މޫނުމަތިން އެކަން ފާޅުވެގެން ދިޔައެވެ.

“ރީންއަށް ތިހެން ހެދީ އީތަންތަ؟ ޕްލީޒް… އަހަންނަށް އަޑުއިވިފައި އޮތް ގޮތުގައި ރީން އާއި އީތަން އުޅެނީ ރައްޓެހިވެގެން. އަދި ރީންގެ ބަނޑުގައި ތިވާ ބޭބީގެ ބައްޕައަކީ އީތަން. އެކަމަކު އީތަން ރީންއާ މެރީ ނުކޮށް އެހެން އަންހެންކުއްޖަކާ މެރީ ކުރަން ނިންމީ… އެނގޭތަ އެއީ…”

“އާދޭސްކޮށްފައި ބުނަން. ތި ދައްކާ އެއްވެސް ވާހަކައެއް އަހަރެން އަޑުއަހާކަށް ބޭނުމެއްނޫން. ތި ވާހަކަތައް ހުއްޓާލާފައި ޖަޒްލާ މިގެއިން ދިޔައްޔާ ރަނގަޅުވާނީ…. އެހެންނޫނީ އަހަރެންގެ މަންމަ ގާތު ބުނެގެން ޖަޒްލާ މިގެއިން ނެރެންޖެހިދާނެ…”

“ރީން… އަޑުއަހާބަލަ. އަހަންނާ ރައްޓެހިވެގެން އީތަން އުޅޭތާ ވަރަށް ގިނަ ދުވަސްވެއްޖެ. އަދި އީތަން އިންނަން އުޅުނީ އަހަންނާ…. ރީންގެ ބަނޑުގައި ތިބާ ބޭބީގެ ބައްޕައަކީ އީތަންކަމުގައި ވާނަމަ އަހަރެން ބޭނުމެއްނޫން ތި ދެމީހުންގެ ދެމެދަށް ވަންނާކަށް. ކިތަންމެ ލޯބިވިޔަސް އީތަންއަކީ އަހަރެން ހީކުރި ފަދަ މީހަކަށް އޭރުން ނުވާނެ…. ހިތުގައި ޝައްކާ ވަހުމްތައް ފޮރުވައިގެން ހުރުމަށްވުރެ ހަޤީޤަތް އެނގެން އަހަރެން ބޭނުން. އަހަންނަށް ހުރިހާ ކަމެއް އެނގުނީ ކިހިނެއްކަން ވެސް ރީންއަށް ކިޔައިދީފާނަން. ޕްލީޒް ރީން… އީތަން އާއި ރީންއާ ދެމެދު އެއްވެސް ގުޅުމެއް އެބައޮތްތަ؟ އަހަންނަށް އެނގޭ ރީންއަށް އީތަން އެނގޭކަން. އެރޭ ޕާޓީގައި އީތަންގެ ގާތުގައި ވާހަކަދައްކާކަށް ރީންއެއް ނީންނާނެ އީތަންއަކީ ކާކުކަން ނޭނގޭނަމަ. ތި ދެމީހުން އެރޭ ތިބިގޮތުން ވެސް އަހަންނަށް އެނގުނު އެކަކު އަނެކަކަށް އެނގޭކަން… ސޯ ޕްލީޒް ރީން… އައި ވޯންޓު ނޯ ދަ ޓްރުތް…”

ޖަޒްލާ އާއި ޒޫރިންގެ ދެމެދަށް ހަމަހިމޭންކަން ވެރިވެގެން ދިޔައެވެ. އިސްޖަހާލައިގެން އިން ޒޫރިންގެ މޫނަށް ޖަޒްލާ ބަލަން އިނީ ކެތްތެރިކަން ކުޑަވެފައި އިން ހެނެވެ. އެވަގުތު އެތަނަށް ރޭޝްމާ އައެވެ. ތަބަކުގައި ފިނިބުއިމެއް ހިފައިގެންނެވެ. ހިތްހެޔޮ ހިނިތުންވުމަކާއެކު ތަބަކުގައިވާ ތަށި ނަގާ ޖަޒްލާއަށް ދިއްކޮށްލިއެވެ.

“ރީން، މަންމަ ބަދިގޭގައި އެބަހުރިން. ޖަޒްލާއާ ދެކުދިން ވާހަކަދައްކާލަން މިތާ ތިބެލާ އިނގޭ” ޒޫރިންގެ ބުރަކަށީގައި ރޭޝްމާ ފިރުމާލިއެވެ. އަދި ޖަޒްލާއަށް ބަލާލާފައި ހިނިތުންވުމެއް ބަދަލުކޮށްލަމުން އެތަނުން ދިއުމަށް ހިނގައިގަތެވެ.

“ރީން! އަހަންނަށް ޖަވާބެއް ދީބަލަ” ރޭޝްމާ ދިއުމުން އިރުކޮޅަކު ޒޫރިންއަށް ބަލަން އިނދެފައި ޖަޒްލާ ބުނެލިއެވެ.

“ޖަޒްލާގެ ސުވާލުތައް ހިފައިގެން ތި އާދެވުނީ ރަނގަޅުމީހާގެ ކައިރިއަކަށް ނޫން. އަހަރެންގެ އަތަކު ޖަޒްލާއަށް ދޭނޭ އެއްވެސް އެއްޗެއް ނެތް. ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް އަހަންނަށް ކޮށްދެވޭނޭ އެއްވެސް ކަމެއް ނޯންނާނެ. އެންމެ ރަނގަޅުވާނީ ދެން ދިއުން. އަދި ދުވަހަކު ވެސް އަހަންނާ ބައްދަލުކުރަން ނައުން…”

“ކީއްވެ ރީން؟ އަމިއްލަ ނަފްސަށް އިންސާފު ހޯދާކަށް ބޭނުމެއްނޫންތަ؟ ތިހާލުގައި އިންނަން ޖެހުނީ ހަމައެކަނި ރީންގެ އިހުމާލަކުން ނޫނެއްނު… ހުރިހާ ލަދަކާ ބަދުނާމެއް ރައްދުވާނީ ރީންއަށް. އެވަރުން ވެސް ބޭނުމެއްނޫންތަ އިންސާފު ހޯދާކަށް”

“ދެން ހެޔޮ… އަހަރެންގެ ނިންމުންތައް އެހެންމީހުންނަށް ކިޔައިދޭކަށް ނުޖެހޭ. މިގޭގައި ޖަޒްލާ އިތުރު އެންމެ ހިނދުކޮޅަކަށް ވެސް އިންނާކަށް އަހަރެން ބޭނުމެއްނޫން. ތިމާގެ ލޯބިވެރިޔާއާ މެދު ޝައްކުކުރެވޭނަމަ އެކަން ހައްލުކުރާނީ އޭނާއާ ވާހަކަދައްކައިގެން. މާ ދުރުގައި ތިބޭ މީހުންގެ ގާތަށް ގޮހެއްނޫން”

ޒޫރިންގެ ވާހަކަތަކުން ޖަޒްލާގެ ހިތަށް ތަދުވިއެވެ. ހަމައެއާއެކު އޭނާއަށް ޒޫރިންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބޭނޭކަން އެނގުނެވެ. އެންމެ ކުޑަމިނުން އޭނާ އީތަން ދަންނަ ކަމަށް ވެސް ނުހެދިއެވެ. އެކަމަކު ޒޫރިންގެ ފެންކަޅިވަމުން ދިޔަ ދެ ލޯ ޖަޒްލާއަށް ސިއްރެއްނުވެއެވެ. އެ ދެލޮލުން އޭނާއާ ވާހަކަދައްކާ ކަހަލައެވެ. ނަމަވެސް އެ ވާހަކަތަކަށް ޔަޤީންކަން ދިނުމުގައި ޒޫރިންގެ ދޫ ހަރަކާތެއް ނުކުރެއެވެ. ދުލުން ނުބުނާހާ ހިނދަކު ފުރިހަމަ ޔަޤީންކަމެއް އެކަކަށް ވެސް ނުލިބޭނެއެވެ.

ހިފަހައްޓާލައިގެން އިން ބިއްލޫރިތަށި ގޮނޑިތައް ކައިރީ ހުރި ތިރިމޭޒުގެ މަތީ ބަހައްޓާލާފައި ޖަޒްލާ ތެދުވިއެވެ. އޭރު ޒޫރިން ވެސް ތެދުވެއްޖެއެވެ. އަދި ޖަޒްލާއަށް ވުރެ ކުރިން ގޮސް ޓެރެސްގެ ފާރުބުރިކައިރި މަޑުކޮށްލީ ޖަޒްލާއަށް ފުރަގަސްދެމުންނެވެ. އޭނާއަށް ޖަޒްލާ ފެނުމުން އެ ބުނާ ޕާޓީއެއްގެ މަތިން ހަނދާންވިއެވެ. އަދި ޖަޒްލާއާ ބައްދަލުވި ގޮތް ވެސް ހަނދާނަށް އައެވެ. ނަމަވެސް އެއްވެސް ކަމެއް ނޭނގޭ ކަމަށް ހެދީ ގަސްދުގައެވެ.

“ސޮރީ ރީން” ޒޫރިން ފުރަގަސްދީގެން ހުރި ގޮތުން އޭނާ ޖަޒްލާއާ ކުރިމަތިލާން ވެސް ބޭނުންނުވާކަން ޖަޒްލާއަށް އެނގި ދެރަވިއެވެ. ފަހަރެއްގައި ޒޫރިންއަށް އެގޮތަށް ކަންތައް ދިމާވުމުގައި ޖަޒްލާގެ ކުށެއްވާކަމުގައި ވެސް އެވަގުތު ޖަޒްލާއަށް އިހުސާސް ކުރެވިގެންދިޔައެވެ. އަވަސްއަވަހަށް އެތަނުން ދިއުމަށް ޖަޒްލާ ހިނގައިގަތެވެ.

ސިޑިން ފައިބައިގެން ވަކި ހިސާބަކަށް ދެވުނު ތަނާހެން ޖަޒްލާއަށް އޭނާގެ ފޯނުގެ މަތީން ހަނދާންވިއެވެ. ޖޫސްތަށީގައި ހިފުމަށްޓަކައި މޭޒުމަތީ ފޯނު ބާއްވާލި ގޮތަށް އަވަހަށް ދާންވެގެން ހަނދާންނެތި އެ ނުލާ އާދެވުނީއެވެ. ކަންބޮޑުވެފައި ހުރެ އަނެއްކާ މައްޗަށް އަރައިގެން އައިސް ޓެރެސްއަށް ނުކުމެގެން ހުރި ދޮރުކައިރިއަށް އާދެވުނު ތަނާ ހެން ފުރަގަސްދީގެން ހުރި ޒޫރިން ފެނުނެވެ. މޫނުގައި ދެއަތް އަޅައިގެން ހުރެ އޭނާ ރޮނީއެވެ. އެ އަޑުޖެހުމާއެކު ޖަޒްލާގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. ނަމަވެސް ޖަޒްލާއަކީ މިވަގުތު ޒޫރިންއަށް އޯގާތެރިކަމުގެ އަތެއް ފޯރުކޮށްދޭން އެންމެ އެކަށީގެންވާ މީހާކަމުގައި ނުވާނޭކަން ޚުދު ޖަޒްލާއަށް ޤަބޫލުކުރެވެއެވެ. އަމިއްލަ ކޯތާފަތް ތެމިގެން ދިއުމާއެކު ހައިރާންކަމާއެކު ޖަޒްލާގެ އިނގިލިތައް ކޯތާފަތުގައި ޖައްސާލުމާއެކު އަތަށް ބަލާލެވުނެވެ.

“ރީން ބުނަން ބޭނުންނުވިޔަސް ތި ހިތާމަތަކާ އީތަންއަށް ގުޅުމެއްވޭ. އެހެންނޫނީ އަހަރެންގެ ވާހަކަތަކުން ރީންއަށް ތިހާ ބޮޑު އަސަރެއް ނުކުރީސް… އައި އެމް ސޮރީ ރީން…” ޖަޒްލާ ހިތާ ހިތާ ބުނެލެވުނެވެ.

ދެވަނަ ފަހަރަށް ޒޫރިންގެ ކުރިމައްޗަށް އަރަން ޖަޒްލާ ބޭނުމެއްނުވިއެވެ. އެހެންވެ ސިއްރު ސިއްރުން އައިސް މޭޒުމަތީ އޮތް ފޯނު ނަގަން އުޅުނު ވަގުތު އެ މޭޒުމަތީ އޮތް ޒޫރިންގެ ފޯނު ފެނުނީ ގަސްދަކާ ނުލައެވެ. ދިއްލިފައިވާ ފޯނުގެ އިސްކުރީނަށް ލާފައި ވާ ފޮޓޯގަނޑު ފެނި ޖަޒްލާގެ ހުރިހާ ސުވާލަކަށް ޖަވާބު ލިބިގެން ދިޔައެވެ. ޒޫރިންގެ ކޯތާފަތުގައި ބޮސްދެނިކޮށް ނަގާފައިވާ އެ ފޮޓޯގައި އެވަނީ އީތަންއެވެ. ޒޫރިންގެ ހިނިތުންވުމާއި އީތަންގެ ލާނެތްކަން އެ ފޮޓޯއަށް ބަލާލާ މީހަކަށް ފާހަގަވާނެއެވެ. ދެ މީހުންގެ ފަރާތުން ވެސް ފެންނަނީ އުފާވެރިކަމެވެ. ރައްޓެއްސަކަށްވުރެ އެ ދެމެދުގައި އޮތް ގުޅުން ގާތްކަމެވެ. ޖަޒްލާގެ މޭގައި އަތްއަޅާލެވުމާއެކު ހަލުވިކޮށް އޭނާގެ ފޯނު ހިފައިގެން އެތަނުން ނުކުމެގެން އައެވެ. އޭރު އޭނާގެ ހިތް ހުއްޓިހުއްޓިފައި ހިނގަމުން ދާ ކަހަލައެވެ. އެކަކަށް ވެސް އަންގާލުމެއްނެތި އޭނާ ދުވެފައި ކަހަލަ ގޮތަކަށް އެގެއިން ނުކުމެގެން އައިސް ކާރަށް އެރިއެވެ.

ކާރުގައި ގަބުވެފައި އެތައްއިރަކު ޖަޒްލާ އިނުމަށްފަހު ތުރުތުރު އަޅައަޅާ އޮތް އަތުން ފޯނު ނަގާ ކައިލަންއަށް ވަގުތުން ގުޅިއެވެ. އަދި އޭނާ ހުރި ތަނަކަށް ޖަޒްލާ ދިއުމަށް އަވަސްވެގަތެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުން ފުހެމުން އެހެންޏާ ކާރުދުއްވާ މިންގަނޑަށްވުރެ ދުވެލި ބާރުކޮށް ޖަޒްލާ ދުއްވަމުން ދިޔައެވެ. ލޯ ކުރިމަތީ އީތަން އާއި ޒޫރިންގެ ތަސްވީރު ކުރެހިފައިވެއެވެ. ދެ ލޯ ފުރި ބަންޑުންވަމުން ދާއިރު ވެސް އެ ތަސްވީރަށް ފުސްކަމެއް ނާދެއެވެ. ރުޅި އަންނަން ބޭނުންވިޔަސް ހިތަށް ލިބިގެން ދިޔަ ހިތްދަތިކަން މާބޮޑެވެ.

ރުއިމުގެ އަސަރު ފާޅުވަމުން ދިޔަ ދެ ލޮލާއެކު ޖަޒްލާ ފެނުމުން ކައިލަން ކަންބޮޑުވިއެވެ. އިރުއޮއްސެމުން ދިޔަ ވަގުތަށް ވެފައި ކައިލަން ހުރީ އޮފީސް ނިންމާ އައިސް ގޭގައެވެ. ޖަޒްލާގެ ގާތުގައި ގޭގައި ހުރި ވާހަކަ ބުނުމުން އިތުރު އެއްވެސް އެއްޗެއް ނުބުނެ ފޯނު ކޯލު ކަނޑާލީ އެގެއަށް އެބަ އަންނަން ކަމުގައި ބުނެފައެވެ. ކުރިމަތީ ހުރި ޖަޒްލާ ފެނުމުން ކަންތައްތައް ވަރަށް ގޯސް ވެއްޖެކަން ކައިލަންއަށް ނަގައިގަނެވުނެވެ. ޖަޒްލާ ގޮވައިގެން އައިސް އޭނާގެ ކޮޓަރިއަށް ކައިލަން ވަނެވެ.

“ކައިލް….” ކައިލަންގެ ގައިގާ ޖަޒްލާ ބައްދައިގަތުމާއެކު ރޯންފެށިއެވެ. އޭނާ ހުއްޓުވާލުން ކައިލަންއަށް ފަސޭހަކަމަކަށް ނުވިއެވެ. އެއްވެސް ވާހަކައެއް ނުދައްކާ ހުރެ ޖަޒްލާ ހަމަ ރޮނީއެވެ. އެންމެފަހުން އޭނާ ގެނެސް އެނދުގައި ބޭންދިއެވެ. އަދި ޖަޒްލާގެ ކޯތާފަތް ލޯއްބާއެކު ކައިލަން ފުހެލަ ދިނެވެ. ޖަޒްލާއަށް ވާހަކަދެއްކުނީ އެތައް އިރެއް ފަހުންނެވެ.

“ޖޭޒް. ކީއްކުރަން އެގެއަށް ދިޔައީ. އޭނާ ވެސް ބޭނުމެއްނުވާނެ ޖޭޒްއާ ބައްދަލުކުރާކަށް” ކައިލަން ބުނެލިއެވެ.

“އީތަންއާ ކުރިން ދިމާވީ އަހަރެން. އޭނާދެކެ ކުރިން ލޯބިވީ އަހަރެން… އެކަމަކު އަހަންނަށްވުރެ ބޮޑަށް ލޯބިވާނޭ މީހަކު އީތަންގެ ހުރިކަން މިއެނގުނީ މިއަދު…” ކައިލަންގެ ކޮނޑުގައި ބޯއަޅާލައިގެން އިނދެ ޖަޒްލާ ބުނެލިއެވެ. އަދި ޒޫރިންގެ ހާލު ކިޔައިދޭން ފެށިއެވެ. އޭނާގެ ދުލުން އީތަންގެ ނަން ވެސް ނުގަތްއިރު އޭނާ އާއި އީތަންގެ ދެމެދުގައި ގުޅުމެއް އޮތްކަށް ޖަޒްލާއަށް އެނގިގެން ދިޔަ އަޖައިބު ކުރުވަނިވި ގޮތެވެ. ކަމެއް އެނގެންވެއްޖެނަމަ ލަހެއްފަހެއް ނޯންނާނެކަން މިއަދު ޖަޒްލާއަށް އެނގިއްޖެއެވެ. ވަގުތު ޖެހުމުން ސިއްރުކުރަން ބޭނުންވި ނަމަވެސް އެކަމެއް އިތުރަށް ސިއްރެއްނުވާނެއެވެ. ޖަޒްލާގެ ވާހަކަތައް އަޑުއަހަން އިން ކައިލަންއަށް ޖަޒްލާއަށް ދޭނޭ ޚިޔާލެއް ނޭނގުނެވެ. ހުރިހާ މައްސަލައަކީ ލޯއްބެވެ. ޖަޒްލާ އަދިވެސް ލޯބިވަނީ އީތަންދެކެއެވެ. އެ ދެ މީހުން ދުރުވާން ޚިޔާލު ދީފިނަމަ ކައިލަންގެ ހިތުގައި ޖަޒްލާއަށްޓަކައި އޮތް ލޯބި ކުރިއަށްނެރެ އަމިއްލަ އެދުން އިސްކުރީކަމުގައި ވާން ކައިލަން ބޭނުމެއްނުވެއެވެ.

ރޭގަނޑުގެ ނުވައެއް ޖަހަން އުޅެނިކޮށް ޖަޒްލާގެ ފޯނަށް އީތަން ގުޅިއެވެ. އޭރު ވެސް ޖަޒްލާ ހުރީ ކައިލަންމެން ގޭގައެވެ. އެގެއަކީ ކައިލަން އާއި އޭނާގެ ބައްޕައާ އަދި ގެންގުޅޭ މީހުން ފިޔަވައި އިތުރު ބަޔަކު އުޅޭ ގެއެއްނޫނެވެ. ކައިލަންގެ ބައްޕައަކީ ގިނަ ވަގުތު ރައްޓެހިންނާއި ވިޔަފާރިކަންކަމުގައި ގެއިން ބޭރުގައި އުޅޭ މީހެކެވެ.

ސިޓިން ރޫމުގައި ކައިލަންއާއެކު ޖަޒްލާ ވެސް އިނީ ޓީވީ ބަލާށެވެ. ނަމަވެސް ޖަޒްލާގެ ހިތާއި ސިކުނޑީގައި ވަނީ އީތަންއެވެ. ފޯނަށް ބަލާލާފައި ވެސް ނުނަގަން އިންހެން ޖަޒްލާ އިނީ އެއްވެސް ހަރަކާތެއް ވެސް ކޮށްނުލައެވެ. އެހެން އިންދާ ކައިލަން ފޯނު ނަގާފައި ޖަޒްލާގެ އަތަށް ލާދިނެވެ.

“ވާހަކަނުދައްކާ އެއްވެސް ކަމެއް ހައްލެއްނުވާނެ…” ކައިލަން ބުނެލިއެވެ. އަދި ފޯނު ނެގުމަށް ބާރު އަޅަން ފެށުމުން އެންމެފަހުން ޖަޒްލާ ފޯނު ނެގިއެވެ.

“ކިހިނެއްވީ؟ މިއިނީ ކައިލަންމެން ގޭގައި… ނޭނގެ ގެއަށް ދާނެ އިރެއް…. ފަހުން ގުޅާނަން” ޖަޒްލާއަށް ފޯނުން ވާހަކަ ދެއްކުނީ ފޫހިވެފައި އިނދެއެވެ. ހިތްހަމަނުޖެހިފައި ހުރި ވަރު އޭނާގެ އަޑުގައި ހުރި ހަރުކަށިކަމުން ފާހަގަވެއެވެ.

މާ އަވަސްއަރުވާލާފައި ޖަޒްލާ ފޯނުކޯލު ކަނޑާލުމުން އީތަން ހައިރާންވިއެވެ. މިރޭ މީ ޖަޒްލާއާ ބައްދަލުކުރަން ދާނޭ ކަމުގައި ބުނެފައި އޮތް ރެއެކެވެ. އަނެއްކާ ވެސް އީތަން ޖަޒްލާއަށް ގުޅާތީ އެކަން ހަނދާންކޮށްދިނުމަށެވެ. އީތަންއާ ބައްދަލުނުވާތީއާ ނުގުޅާތީ ޖަޒްލާ ހުންނަނީ ހިތްހަމަނުޖެހިފައިކަން އީތަންއަށް އެނގެއެވެ. އެކަމަކު ބައްދަލުކުރަން ބުނެފައި ކުއްލިއަކަށް ކައިލަންމެންގެއަށް ޖަޒްލާ ދިއުމުން އެކަމާ ސުވާލު ވެސް އުފެދުނެވެ. އަދި ޖަޒްލާގެ އަޑުގައި ހުރި ހަރުކަށިކަމުގެ ސަބަބު އެނގެން ވެސް އީތަން ބޭނުންވިއެވެ.

“މިރޭ މީޓުކުރަން ބުނީމެއްނު. ކިހިނެއްވީ ޕްލޭން ޗޭންޖުވީ. ކައިލަންމެން ގޭގައި މުހިންމުކަމެއް އޮތީތަ؟ ޖޭޒް ބަލާ އަހަރެން ދަންތަ ތިގެއަށް” އީތަން ގުޅުމުން ޖަޒްލާ ފޯނު ނުނަގާތީ މެސެޖުކޮށްލިއެވެ.

“ނޫން! ކޮންމެހެން އަންނާނެކަމެއްނެތް. އަހަރެން ކައިލަންއާއެކު ގެއަށް ހިނގައިދާނަން. މިރޭ މީޓުކުރާކަށް ބޭނުމެއްނޫން” ޖަޒްލާގެ ޖަވާބު ކިޔާލުމާއެކު އީތަން އިތުރަށް ހައިރާންވިއެވެ. އިތުރަށް އޭނާ ފޮނުވި މެސެޖަކަށް ވެސް ޖަޒްލާ ޖަވާބެއް ނުދިނެވެ. ކުޑަކޮށް ހާސްވާގޮތްވީ ކައިލަންމެންގޭގައި ޖަޒްލާ ހުރެ އެހާ ހަރުކަށިކޮށް ވާހަކަދެއްކީމައެވެ.

ޖެހިގެން ދެ ދުވަހު ވެސް ޖަޒްލާއާ ބައްދަލުކުރަން އުޅެ އެކަމެއް އީތަންއަކަށް ނުވިއެވެ. ޖަޒްލާ އެ ފުރުޞަތު އީތަންއަށް ނުދެނީއެވެ. ގުޅާލައިފިއްޔާ ފޯނު ނަގަނީ މަދު ފަހަރަކުއެވެ. މެސެޖެއްކޮށްފިނަމަ ޖަވާބުގައި އޮންނަނީ އަބަދު އެކައްޗެކެވެ. އޭނާ ހުރީ ކައިލަންއާ އެކުގައި ކަމަށާއި މިވަގުތު ވަރަށް ބިޒީކަމުގައެވެ. ބައެއްފަހަރަށް ޖަޒްލާ ގަސްދުގައި އީތަން ތަޅުވަން ވެގެން ކުރާކަމެއްހެން އޭނާއަށް ހީވަންފެށިއެވެ. އެހެންނަމަ އެކަމުގެ އަސަރު އީތަންއަށް ކޮށްފިއެވެ. ޖަޒްލާއާ ބައްދަލުކުރަން އީތަން ކެތްމަދުވެފައި ވެއެވެ. ސިކުނޑީގައި އެތައް ސުވާލެއް އުފެދިފައި ވެއެވެ.

ހަފްތާއެއް ނިމެން ކައިރިވިއިރު އިތުރަށް އީތަންއަށް ކެތެއްނުވިއެވެ. އާދަޔާ ޚިލާފަށް ގިނައިން ޖަޒްލާ އާއި ކައިލަން އެކުގައި އުޅޭކަން އެނގޭތީއާ އަދި ޖަޒްލާ ވަރަށް ދުރުވެއްޖެކަމުގެ އިހުސާސް އީތަންއަށް ކުރެވޭތީއެވެ. އެހެންވާންވީ ސަބަބެއް އީތަންގެ ވިސްނުމަކަށް ނައެވެ. ރޭގަނޑު ދިހައެއް ޖަހަން އުޅެނިކޮށް ޖަޒްލާމެންގެއަށް އީތަން އައިސް ވަނެވެ. އެވަގުތު އެގޭގައި ގެންގުޅޭ މީހާއާ އީތަންއާ ބައްދަލުވިއެވެ. އޭނާއަށް އީތަންއަކީ ކާކުކަން އެނގޭތީ ޖަޒްލާ ކޮޓަރީގައި އެބައުޅޭ ކަމުގައި ބުނެލިއެވެ. ބޯޖަހާލަމުން ލަސްނުކޮށް އީތަން ސިޑިން އަރައިގެން އައިސް ޖަޒްލާގެ ކޮޓަރީގައި ޓަކި ދިނެވެ. އޭރު ވެސް ކޮޓަރިތެރެއިން ދެމީހަކު ވާހަކަދައްކާ އަޑުއިވެއެވެ.

“މަންމަ ކަންނޭނގެ…” ކައިލަން ބުނެލިއެވެ.

“ކައިލް އުޅޭކަން އެނގޭނެ. އެހެންނޫނަސް މަންމަ މިހާރުވާނީ ނިދަންވަދެ” ޖަޒްލާ ޔަޤީންކޮށްދިނެވެ.

ދޮރުން ބޭރުގައި ހުރި އީތަންއަށް ކައިލަންކަން އެ ކޮޓަރީގައި އުޅެނީ އެނގުމުން ދޮރުހުޅުވާލިއެވެ. އެހިނދު ކައިލަންއަށް އެއްޗެއް ދައްކަން ހުރި ޖަޒްލާގެ ލޮލުގައި ހުޅުވެމުންދިޔަ ދޮރުން އީތަން ފެނުނެވެ. އެއާއެކު އޭނާއަށް ވެސް ވީގޮތެއް ނޭނގުނެވެ. ކުއްލިއަކަށް ކައިލަންގެ ދެކޮނޑަށް އަތްވައްޓާލަމުން އޭނާގެ ގައިގާ ބައްދާލިއެވެ. އަދި އުފާވެރިކަމުގެ ހުނުމަކުން ހީނލާފައި ކައިލަންގެ ތުންފަތުގައި ބޮސްދީފިއެވެ. ޖަޒްލާގެ އެ ހަރަކާތުން ކައިލަން ހުރީ ބުނާނޭ އެއްޗެއް ނޭނގިފައެވެ. އޭރު އޭނާއަށް ދޮރުވަންނަން އުޅުނު އީތަންއެއް ނުފެނެއެވެ. އެހެންނަމަވެސް މި މަންޒަރު ސާފުކޮށް އީތަންއަށް ފެނުނެވެ.

“ޖަޒްލާ….” އީތަންގެ އަޑު ކޮޓަރިގެ ހަތަރުފާރުގައި ގުގުމާލިއެވެ. އެއާއެކު ސިހިގެން ދިޔަ ކައިލަން އޭނާއާ ދުރަށް ޖަޒްލާ ޖައްސާލިއެވެ. ހަމައެއާއެކު ޖަޒްލާގެ ފަރާތުން ފެނިގެން ދިޔަ ޢަމަލަކީ އޭނާ ކޮން ނިޔަތެއްގައި ކޮށްލިކަމެއްކަން ވެސް ކައިލަންއަށް އެނގުނެވެ.

“ރީތިކޮށް ބުނިނަމަ އެއްކޮށް އުޅެން ބޭނުންނުވަންޏާ” އީތަންގެ މޫނުމަތިން ރުޅިވެރިކަން ފާޅުވަމުން ދިޔައިރު އޭނާ ޖަޒްލާ އާއި ކައިލަންއާ ދެ މީހުންނަށް ބަލަމުންދިޔައެވެ.

“އީތަން ވެސް އަހަރެން ކައިރީ ބުނެލިނަމަ އެއްކޮށް އުޅޭކަށް ބޭނުމެއްނޫނޭ” ޖަޒްލާ ވެސް ދޫކުރާކަށް ބޭނުމެއްނޫނެވެ. އޭނާ އީތަންއާ ބައްދަލުކުރަން ބޭނުންނުވަނީ ވެސް ދެ މީހުން ބައްދަލުވެއްޖެނަމަ ބޮޑު ހަނގުރާމައެއް އެ ދެމެދުގައި ހިނގާނޭކަން އެނގޭތީއެވެ. އަދި އެ ދެމެދުގައި އޮތް ގުޅުން ނިމިގެން ދާނެ ގޮތް ލަފާކުރެވިފައިވާތީއެވެ.

ޖަޒްލާ ބުނި އެއްޗެއް އީތަންއަށް ފަހުމެއްނުވިއެވެ. ރުޅިވެރި ގޮތަކަށް ކައިލަންއަށް ބަލަހައްޓައިގެން އީތަން ހުއްޓެވެ. ނަމަވެސް ޖަޒްލާ ހުރީ ކައިލަންގެ އަތުގައި ހިފާލައިގެން އޭނާގެ ގާތުގައެވެ. އީތަންގެ ފަރާތުން ފާޅުވަމުން ދިޔަ ނުރުހުމުގެ އެއްވެސް އަސަރެއް އޭނާއަށް ނުކުރާ ކަހަލައެވެ. ނޫނީ ކައިލަންދެކެ އީތަން ނުރުހިފައި ހުރިކަން އެނގޭތީވެ ވަކިން ބޮޑަށް އޭނާ ރުޅި އަރުވާލަން ޖަޒްލާ ބޭނުންވަނީއެވެ.

“މިހާ ދުވަހު ކައިލަން ނުވެގެން އުޅުނު ކަންތައް ވެސް ތި ވީއެއްނު… ޖަޒްލާގެ ތި އައު ދިރިއުޅުމަށް މަރުޚަބާ. ދެން މަށަށް ނުގުޅާތި” ކައިލަންއާ ދިމާއަށް ލޯ އަޅާލާފައި އޭނާއަށް އީތަންގެ ބަސްއިއްވާލުމާއެކު ޖަޒްލާއަށް ފަހު ބަސް އިއްވާލިއެވެ.

“އީތަން ހީކުރަނީ އަބަދަށް ސިއްރުވެފައި ހުރިހާ ކަމެއް އޮވެދާނެ ކަމައްތަ؟ ފުރަތަމަ ތިމާ މީހާއަށް އުޅެވުނު ގޮތާ މެދު ވިސްނާލަބަލަ”

“އަހަރެން ކޮންކަމެއްތަ ސިއްރުކުރީ… ކޮންމެ ރެއަކު ޖަޒްލާއާ ބައްދަލުކުރަން ނާދެވުމަކީ ކައިލަންއާއެކު ނަހަމަ ގުޅުމެއް ހިންގަންޖެހޭ ސަބަބެއްކަމެއް އަހަންނެއް ނުދެނަހުރިން… ނޫނީ ޖަޒްލާ ސިއްރުކުރާ ކަންކަން ފަޅާއަރާނޭ ވާހަކަ ދޯ ތިބުނީ”

“ޖޭޒް، ތި ދެމީހުންގެ ޕާސަނަލް ކަންކަމުގެ ތެރެއަށް އަހަރެން ވަންނާކަށް ނެތިން. އަދި މިގޭގައި އެހެން މީހުން ވެސް އުޅޭކަން ދަނެގެން ތިބެ މައްސަލަ ހައްލުކުރަން ފެނޭ. އަހަރެން ދެން ދަނީ” ކައިލަން މިހެން ބުނެލުމާއެކު ހަލުވިކޮށް ދޮރުން ނުކުމެގެން ހިނގައްޖެއެވެ. އެއާއެކު އީތަންގެ އަތުގައި ދަމާފައި ޖަޒްލާ އެ ކޮޓަރިއަށް އީތަން ވައްދާ ދޮރުލައްޕާލިއެވެ.

“ޖޭޒް. ކީއްވެ ތިހެން ތި ކަންތައްކުރީ. އަހަންނާ ރައްޓެހިވެގެން ހުރެ ކައިލަންއާ ގުޅުމެއް ތިބޭއްވީ ކީއްވެ. އަހަންނަށް ފެނުނޭ ކައިލަންއާ ލިޕް ޓު ލިޕް ޖޭޒް ކިސް ކުރިތަން. އަހަރެން ފިޔަވާ އެފަދަ ގުޅުމެއް އެހެންމީހަކާ ނުބާއްވާނަން ކަމަށް ޖޭޒް ނުބުނަންތަ؟”

“އީތަން ވެސް ކީއްވެތަ އެހެން ކައްނަތައް ކުރީ. އަހަރެން ވިއްޔާ ހަމައެކަނި ލިޕް ޓު ލިޕް ކިސްއެއް އެހެން މީހަކަށް މިދިނީ. އެކަމަކު އީތަން ތި ހުރީ އެހެން އަންހެންކުއްޖަކަށް ދަރިއަކު ދީފައި އައިސް. އެ ފަދަ ދަރަޖައަކަށް އީތަން ދާންޖެހުނީ ކީއްވެކަމެއް އަހަންނަކަށް ނުވިސްނުނު. އީތަން އެފަދަ ގުޅުމެއް ބޭނުންވާނަމަ އަހަރެން ގާތުގައި ބުނިނަމަ…. އެއްފަހަރު ވެސް ބުނެލިނަމަ، ތިމަންނަގެ ބޭނުންތައް ފުއްދައި ނުދެވޭނަމަ އެހެން އަންހެނަކަށް ބޭނުންވާނެޔޭ… ކީއްވެ އެހެން ނުބުނީ…”

ޖަޒްލާގެ ވާހަކަތަކުން އީތަންއަށް ވިސްނާލަން މަޖުބޫރުވިއެވެ. ޔަޤީނާ ގާތަށް ޖަޒްލާ އެ ދައްކަނީ ކޮންވާހަކައެއްކަން އެނގުނެއްކަމަކު އެކަން ޤަބޫލުކުރަން އީތަން ބޭނުމެއްނުވިއެވެ. އެހެންވެ އިރުކޮޅަކު ވިސްނާލަން ހުރެފައި މަޑުމަޑުން ވާހަކަދެއްކިއެވެ.

“ޖޭޒް ތި ދައްކަނީ ކޮންކަހަލަ ވާހަކައެއްތަ؟”

“މިދައްކަނީ ރީންގެ ވާހަކަ… މީގެ މަސްތަކެއް ކުރިން ކައިލަން ބޭއްވި ޕާޓީ ތެރެއިން އީތަން ޕްލާޓުކުރި އަންހެންކުއްޖާގެ ވާހަކަ… މިވަރުން ވެސް ނޭނގުނުތަ؟ އީތަން ގޮވައިގެން އެގެއަށް ދާންވީތަ. ކުރިމައްޗަށް ރީން ގެނައްޔާ އެނގޭނެތަ؟” ޖަޒްލާ އިހުނަށްވުރެ ރުޅިގަދަވީ އީތަން ގަސްދުގައި ނޭނގޭކަމަށް ހަދަނީއޭ ހިތަށް އަރާފައެވެ.

އަނގައިން ނުބުނެ އީތަން އައިސް ކޮޓަރީގައި ހުރި ކުޑަ ސޯފާގައި އިށީނެވެ. އަދި ދެފައިގައި އުޅަންބޮށި އަޅުވައިލައިގެން އެއްއަތްތިލައިން އަނެއްއަތްތިލަ ހިފަހައްޓާލައިގެން ފިކުރުބޮޑުވެފައި އިން ފަދަ ގޮތަކަށް އީތަން އިނެވެ. އެހެންއިނދެ ތުންފަތްގެނެސް އެއްކޮށްލައިގެން އިން ދެއަތްތިލައިގައި ޖައްސާލިއެވެ. ބުނާނޭ އެއްޗެއް އީތަންއަށް ނޭނގުނީ ކަހަލައެވެ. އީތަންއަށް ބަލަން އިރުކޮޅަކު ހުރެފައި ޖަޒްލާ އޭނާގެ އެނދުގެ ފައިލާ ކޮޅުގައި އިށީނެވެ. އަދި އީތަންގެ ހަރަކާތްތަކަށް ސަމާލުވެގެން އިންއިރު ފާހަގަ ކުރެވުނީ ކުށެއްކުރެވިފައި އިން މީހަކު ފަދައިން އީތަން އިސްޖެހިފައި އިންކަމެވެ.

“ކީއްވެ އެއްޗެއް ނުބުނީ؟ ދެން ބުނެބަލަ…. އަހަރެންތަ ކަންކަން ސިއްރުކުރަނީ. އަހަރެންތަ އެހެން މީހުންނާ ނަހަމަގުޅުން ބާއްވަނީ…” އީތަން އަނގައިން ނުބުނެ މާގިނައިރުވާން ފެށުމުން ޖަޒްލާ ބުނެލިއެވެ.

“ތި ވާހަކައެއް ޖަޒްލާ ގާތު ދައްކައިގެން ތިއުޅެނީ ކާކު؟…. ރީންތަ ބުނީ؟” އީތަން މިހެން ބުނުމާއެކު ޖަޒްލާ ހީނލީ މަލާމާތުގެ ރާގަކަށެވެ. އަދި އެނދުން ތެދުވެގެން އައިސް އީތަންގެ ގާތުގައި ސޯފާގައި އިށީނެވެ.

“ރީންއަށް އެކައްޗެއް ވެސް ނޭނގޭ. އީތަން އޮޅުވާލީ އަހަންނަށް އެކަންޏެއްނޫން. އެކަމަކު މިހާރު ރީންއަށް އެނގޭނެ އަހަންނަކީ ކާކުކަން. އަހަންނާއި އީތަންއާ ދެމެދު އޮތީ ކޮންކަހަލަ ގުޅުމެއްކަން…. އީތަންއަށް އެނގޭތަ އޭނާ އިނީ ވިހަން ތައްޔާރުވެފައިކަން. ދުށިންތަ އޭނާގެ ހާލު…. އެންމެ ފަހަރަކު ވެސް ރީންގެ ދުލުން އީތަންގެ ނަން ވެސް ނުގަތް، ފުރަތަމަ އަހަރެން ހިތަށް އެރީ އޭނާ އީތަންއަށް ވަރަށް އެއްޗެހި ކިޔާނެއޭ… އެކަމަކު އަހަރެން އެ ހުރިހާ ވާހަކައެއް ދެއްކިއިރު ވެސް އޭނާ ނުބުނޭ އީތަންއަކީ ދަންނަ މީހެކޭ ވެސް، އެހެންވިޔަސް އަހަންނަށް ހަޤީޤަތް އެނގެން އޮތީމަ ރީންގެ ފޯނުން ތި ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯއެއް ފެނުނީ. އަދި އަހަރެންގެ ފެނުން ރަނގަޅު… އެ ފޮޓޯއިން އަހަންނަށް އީތަން ފެނުމުން ނޭނގިއެއް ނުހުންނާނެއެއްނު. އަހަންނަށްކަށް އެއްގޮތަކަށް ވެސް ނުވިސްނުނު އީތަން ތި ކަންތައްކުރި ގޮތެއް… އަހަރެންދެކެ ލޯބިނުވަންޏާ ވެސް ބުނީމައެއްނު އެނގޭނީ. މިހާރު އަހަންނާ ގުޅެން އީތަން ބޭނުންވާހެނެއް ވެސް އަހަންނަކަށް ހިޔެއްނުވޭ… ކައިވެނި ކުރެވޭނެކަމެއް ވެސް އެނގެނީއެއްނޫން…” މަޑުމަޑުން ވާހަކަދައްކަމުން ދިޔަ ޖަޒްލާއަށް ރޮވުނެވެ.

ޖަޒްލާ ރޯކަން އެނގުމުން އޭނާގެ ކޮނޑުގައި އަތްޖައްސާލަން އީތަން އުޅުނެވެ. ހަމަ އެހިނދު އީތަންގެ އަތް ޖަޒްލާ ފޮޅުވާލިއެވެ. އެހެންވެ ޖަޒްލާގެ ގައިގާ ދެވަނަ ފަހަރަށް އަތްލާކަށް އީތަން ބޭނުމެއްނުވިއެވެ. ނަމަވެސް އޭނާގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމެވެ. ޖަޒްލާއަށް އެނގެން ނުވާނޭ ކަމެއް އެނގުމުން ލިބިފައިވާ ނުތަނަވަސްކަމެކެވެ.

“ޖޭޒް…” މަޑުމަޑުން އީތަން ގޮވާލިއެވެ.

“އީތަން މިގެއިން ދޭ… އަހަންނަށް ފެންނަ ހިސާބުގައި އީތަން ހުންނާކަށް ވެސް ބޭނުމެއްނޫން… ނުކުމޭ މިކޮޓަރިން… ދޭ މިގެއިން…” ދެއަތުން ކޯތާފަތް ފުހެމުން ޖަޒްލާ ތެދުވެ ވާހަކަދެއްކިއެވެ. އަދި އީތަންގެ ކޮނޑުގައި އަޅައި ކޮށްޕަމުން އޭނާ ނެގިއެވެ. ޖަޒްލާގެ ކުރިމަތީ ހުންނާކަށް އީތަންއަކަށް ވެސް ނުކެރުނެވެ. ކޮޓަރިން ބޭރަށް އޭނާ ކޮށްޕާ ނުލަނީސް އީތަން އަމިއްލައަށް އެ ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

ހުޅުވިގެން ދިޔަ ކޮޓަރީގެ ދޮރާއެކު ރޭޝްމާ ސިހުނެވެ. އޭރު ނިދަންލާ ހެދުމުގައި ޒޫރިން ހުއްޓެވެ. ނޭވާ ހިއްލައިގަނެފައި ހުރި ފަދަ ގޮތަކަށެވެ. ދުވެފައި އައިސް ކޮޓަރި ދޮރުމަތީ ހުރި ޒޫރިންގެ ގައިގާ ރޭޝްމާއަށް ހިފެހެއްޓުނީ ކިރިޔާއެވެ. އޭރު ޒޫރިން ވެއްޓެނީއެވެ. ނަސީބަކުން ޒޫރިން ވެއްޓި ޓައިލްސްތަކުމަތީ ޖެހުމުގެކުރިން ރޭޝްމާއަށް އެ ދިމާ ކުރިމަތީ އިށީނދެވުނެވެ. އުނދަގުލަކާ ނުލާ ރޭޝްމާ އޭނާގެ ދަރިފުޅު އަތްދަނޑިމައްޗަށް އުފުލާލިއެވެ. އުމުރުން ދޮށިވިޔަސް އެ ހަށިގަނޑުވަނީ އަނަރޫފަވެފައެވެ. ރޭޝްމާގެ ދެ ލޯ ފުރިގެންދިޔައީ އެ ދެއަތުގައި ޒޫރިންގެ ތުއްތު އުމުރު ހޭދަކޮށްފައިވާ ގޮތް ހަނދާނަށް އައުމުންނެވެ. މިއަދު އަނެއްކާ ވެސް އެ ދަރިފުޅު އެ އޮތީ އޭނާގެ އަތުގެތެރޭގައެވެ. އޭނާގެ އެހީތެރިކަމަށް ނުހަނު ބޭނުންވެފައެވެ. ތުއްތު ކުއްޖަކު އަތަށް ލައިގެން ގެންނަ އުސޫލުން ރޭޝްމާ ކޮޓަރިތެރެއަށް ވަދެގެން އައެވެ.

“މަންމާ…. ނޭވާ…. ނޭވާ…” ޒޫރިން ވާހަކަދައްކަން އުޅުނެއްކަމަކު އޭނާއަށް ވާހަކައެއްނުދެއްކުނެވެ. ނޭވާ ހާސްވެގެން އުޅޭ މީހަކުހެން އޭނާ ތަންމިނަށް އަނގަހުޅުވައިގެން ތެޅި ފޮޅެނީއެވެ. ދޭތެރެއަކުން ނިކަން ބާރަށް މޭގައި އަތްއަޅައި އޮބައިގަނެއެވެ. އެމަންޒަރުވީ ރޭޝްމާއަށް ބިރުވެރިކަމުން ފުރިގެންވީ މަންޒަރަކަށެވެ.

“ތަހުސީނު…..” އަޑުގެ ނެތްތަނަ ރޭޝްމާ ހަޅޭލަވައިގަތީ އޭނާގެ އެނދުގައި ޒޫރިން ބާއްވާފައެވެ. މުޅިގެ ވެސް އެ އަޑަށް ތެޅިގަތް ކަހަލައެވެ.

ދަންވަރަށް ޒޫރިން ނަގާ އޭނާއަށް ބޭސްދީފައި ކުރުނބާ ފެންފޮދެއް ދޭންވާއިރަށް ތަހުސީނު ހުރީ ޓެރެސްގައި ހުރި ލަކުޑިމޭޒުމަތީގައި ދެތިން ކުރުނބާ ބަހައްޓައިގެން ފަޅައިފައި ޖަގަށް ކުރުނބާ ފެންފޮދު އަޅާށެވެ. އޭނާއަށް ރޭޝްމާގެ އަޑުއިވުމާއެކު ލިބުނު ސިހުމުން އަތުގައި އޮތް ކުރުނބާ ނުވެއްޓުނީ ކިރިޔާއެވެ. އަވަހަށް މޭޒުމަތީ ކުރުނބާ ބަހައްޓާފައި އައިސް ރޭޝްމާގެ ކޮޓަރިއަށް ވަންއިރު ޒޫރިންއަށް އެހީވެވޭތޯ ރޭޝްމާ އުޅުނެވެ.

“މަގޭ ދަރިފުޅު މަރުވަނީ ތަހުސީނު… މިއޮއްމަރުވަނީ….” ހާސްވެފައި ހުރިވަރުން ރޭޝްމާއަށް ކިޔޭ އެއްޗެއް ވެސް އޭނާއަކަށް ނޭނގުނެވެ.

“ރޭޝްމާ. އަވަހަށް ހޮސްޕިޓަލަށް ގެންދެވޭތޯ އުޅެންވީ. އަހަރެން ރީން ގޮވައިގެން ތިރިއަށް މިދަނީ. ދޭ ދޮރޯށި ހުޅުވަން” ތަހުސީނު މިހެންބުނެލުމާއެކު އައިގޮތަށް އައިސް ރޭޝްމާ ދުރުކޮށްލާފައި އޭނާގެ އަތްދަނޑިމައްޗަށް ޒޫރިން އުފުލާލިއެވެ. އެހިނދު ރޭޝްމާ އަވަސްވެގަތީ ތަހުސީނަށް މަގުދެއްކުމަށެވެ.

ހަރުފަތްތައް ގިރާކުރަމުން ފަރުވާތެރިކަމާއެކު ތަހުސީނު ފައިބަމުން ދިޔައިރު އޭނާގެ މޭގައި ކުޑަކުޑަކުއްޖަކު ފަދައިން ޒޫރިންގެ ބޯޖެހިފައި އޮތެވެ. ހީވަނީ އޭނާގެ އަތުތެރޭގައި ކުޑަކުއްޖަކު އޮތްހެނެވެ. އޭރު ބައެއްފަހަރަށް ޒޫރިން ނޭވާ ނުލާހެން ވެސް ހީވެއެވެ. ކަންބޮޑުވިވަރުން ގޮސް ތަހުސީނުގެ އަތުގެ ތެރޭ އިހުނަށްވުރެ ޒޫރިން ބޮނޑިކޮށްލެވުނެވެ.

“ދަރިފުޅާ އަތި ވަގުތެއްނުޖެހޭ…. ހިތްވަރުކުރޭ… ހިތްވަރުކުރޭ…” ޒޫރިންގެ ނިތްކުރީގައި ބޮސްދެމުން ތަހުސީނަށް ބުނެލެވުނީ ބޭއިޚްތިޔާރުގައެވެ.

“ބައް…ޕާ….” ޒޫރިންގެ އަނގައިން ނުކުމެގެން ދިޔައީ އާހެއްގެ އަޑުކަހަލައެވެ. އެއާއެކު ތަހުސީނުގެ ހިތުގެ އެންމެފުނަށް އަސަރުކުރުމާއެކު އޭނާގެ ކަންފަތުގައި އެ އަޑު ގުގުމައިގެންދިޔައެވެ. ތަފާތު ނަޒަރަކުން އަތުތެރޭ އޮތް ޒޫރިންއަށް ބަލާލެވުނު ވަގުތު ހިކިކެއްސުމެއް ޒޫރިން ކެއްސައިގަތެވެ. ދެފަޔަށް ލެވުނުހާ ބާރެއްލާފައި ތަހުސީނު ގެއިން ނުކުމެގެން އައިސް ކާރަށް އެރީ ފިސާރި ހަލުވިކޮށެވެ.

ހޮސްޕިޓަލަށް ގެނެވުމާއެކު ވަގުތުން ޒޫރިންއަށް ފަރުވާދޭން ފެށުނެވެ. އޮކްސިޖަންގެ އެހީގައި ނޭވާލަމުން ދިޔަ ޒޫރިންއަށް ބަލަން ހުރި ރޭޝްމާއަށް ރޮވެނީއެވެ. އޭނާގެ ގައިގާ ހިފަހައްޓާލައިގެން ތަހުސީނަށް ވެސް ބަލަން ހުރެވުނީއެވެ.

“ބޭހުގެ އެހީގައިކަން ޔަޤީން އެކުއްޖާ ދިރި އެ ހުންނަނީ…. ތަހުސީނު. އަހަންނަށް އެއްވެސް އުންމީދެއްނެތް މިހާރު ޒޫރިން ދިރިހުންނަން ބޭނުންވާކަމުގެ. އަހަރެން ކިހިނެއް މި ދަރިފުޅު ސަލާމަތްކުރާނީ” މޮޅިވެރިކަމާއެކު މަޑުމަޑުން ރޭޝްމާ ބުނެލިއެވެ. އެހެންނަމަވެސް ރޭޝްމާގެ ހިތްހަމަޖައްސާލަ ދިނުމަށް ތަހުސީނަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. ހަމައެކަނި ގެނެވުނީ ހަރަކާތެކެވެ. އެގޮތުން ކުރިއަށްވުރެ ރޭޝްމާ ކައިރިކޮށްލުމާއެކު ރޭޝްމާގެ ކޮނޑުގައި ތަހުސީނު ފިރުމާލިއެވެ.

ރޭޝްމާ އާއި ތަހުސީނު ފެންނަ ކޮންމެ މީހަކަށް ވެސް ހީކުރެވޭނީ އެ ދެމީހުންނަކީ ޒޫރިންގެ މަންމަ އާއި ބައްޕަ ކަމުގައެވެ. އެ ދެމީހުންގެ މޫނު މަތިން ވެސް ފެންނަނީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމާއި ހާސްކަމެވެ. ޒޫރިން ލޯ ހުޅުވާލާނޭ އިރެއްގެ އިންތިޒާރުގައި ދެ މީހުން ވެސް ތިބި ކަހަލައެވެ. އެހެން ހުރި އިރު ތަހުސީނުގެ ހިތާއި ސިކުނޑިއަށް އެކި ޚިޔާލުތައް އަރާ ފައިބަމުން ދިޔައެވެ. މިހާ ދުވަސް ވީއިރު ތަހުސީނަށް ވަކިވާން އެންމެ އުނދަގޫވީ އޭނާގެ މާޒީއާއެވެ. މިހާރު ވެސް އޭނާއަށް ވިސްނެމުން ދިޔައީ މާޒީގައި އޭނާއަށް ކުރެވުނު ކުށުގެ މަތިންނެވެ. ޒޫރިން ފެންނަ ކޮންމެ ފަހަރަކު ފަރިޔާލުގެ ޚިޔާލުތައް ބޮނޑިވެގަންނަނީ އެއްވެސް އިޙުތިޔާރަކާ ނުލައެވެ. ފަރިޔާލަކީ ކޮންރަށެއްގެ ކާކުކަން އެނގުން ތަހުސީނަށް މުހިންމު ނުވުމުގެ ސަބަބުން އޭނާ ހުރި ތަނެއް މިހާތަނަށް ވެސް ތަހުސީނަށް ވަނީ ނުހޯދިފައެވެ. ނަމަވެސް އެކަން ކުރަންވީ ވަގުތު ޖެހިއްޖެކަމުގައި ތަހުސީނުގެ ޟަމީރު ވެސް އެއްބަސްވިއެވެ.

“ރޭޝްމާ! މިވަގުތަކީ އަހަރެން މި ވާހަކަދައްކަން އެންމެ ރަނގަޅު ވަގުތު ނޫންކަންނޭނގެ. އެކަމަކު ރަނގަޅު ވަގުތެއް ނާންނާނެ ދުވަހަކު ވެސް. އަހަރެން ބަލާލަން ހުތުރު ނުވެފައި ޤަދަރުވެރި ޢާއިލާއަކަށް ނިސްބަތްވިޔަސް އަހަންނަށްވަނީ ކުށެއްކުރެވިފައި. މިއަދު ޒޫރިން މި ހާލުގައި އޮންނަތަން ފެނުނީމާ އަހަންނަށް ވަރަށް އަސަރުކުރޭ… ކުރީގެ ހަނދާންތައް އާވެގެންދޭ… ރޭޝްމާ! އަހަރެން ވެސް ފުރާވަރުން ނެއްޓި ޒުވާން އުމުރަށް އެޅިގެން އައިއިރު މިހާރު މިހިރާ ވިސްނުމާއި ހަރުދަނާކަމެއް އޭރަކުނެތް. އެހެންވެ ކަންނޭނގެ ކުރެވުނު ކަންތަކުގެ ބޮޑުކަން އިހުސާސް ނުކުރެވުނީ”

“މިތާކުނޫން ތިކަހަލަ ވާހަކަދައްކާނީ. ގެއަށް ދެވުނީމާ އަހަރެން ތަހުސީނުގެ ހުރިހާ ވާހަކައެއް އަޑުއަހާނަން. މިތަނުގައި ތި ވާހަކަދައްކާއިރު ފަހަރެއްގައި އަހަރެންގެ ކަންފަތް ފިޔަވާ އިތުރު ކަންފަތްތަކެއް އަޑުއަހަން ތިބުމަކީ ވެދާނޭކަމެއް. އިންސާނުންނަކީ ފަސޭހައިން ކުށްތަކަށް އަރައިގަނެވޭ ބައެއް. ތަޢުބާވުން އޮންނަނީ އެހެންވެ. އަހަރެން ވެސް ތަހުސީނަށް ކިޔައިދޭންވެފައި ހުރި ވާހަކަތަކެއް އެބަހުރި. އެއީ ދައްކަން ފަސޭހަ ވާހަކަތަކެއްނޫން”

“އަހަރެން ބޭނުންވަނީ ރޭޝްމާއާ ކައިވެނިކުރަން. އެކަމަކު އޭގެ ކުރިން އަހަރެން ކުރަންޖެހޭ ބައެއްކަންކަން އެބަހުރި. އަދި އަހަރެން މިހާ ދުވަހު މީހުންނާ ޚިއްސާނުކޮށް އޮތް ވާހަކަ ރޭޝްމާއަށް ކިޔައިދޭން ބޭނުން… ދެން އިތުރަށް ލަސްކުރާކަށް އަހަރެން ބޭނުމެއްނޫން” ތަހުސީނުގެ އަތުގައި ހިފާލަމުން ރޭޝްމާ ބޯޖަހާލިއެވެ.

ހެނދުނުވެގެން އައިއިރު ޒޫރިންގެ ހާލު ރަނގަޅުވަމުން އައެވެ. ރޭޝްމާގެ މެސެޖު ލިބުމާއެކު ނާޒިލު ވެސް އަވަހަށް ހޮސްޕިޓަލަށް އައެވެ. ޑޮކްޓަރު ވަޑައިގެން ޒޫރިންގެ ހާލު ބެއްލެވުމަށްފަހު އެޑްމިޓް ކުރުމަށް ލަފާދިނެވެ. އިތުރު ސައުވީސްގަނޑިއިރު ހޮސްޕިޓަލުގައި ބާއްވާލުމަށް ޑޮކްޓަރު ވިދާޅުވީ ޒޫރިންގެ ވަރުދެރަވެފައިވާތީ އާއި ބަނޑުގައިވާ ދަރިފުޅުގެ ހިތުގެ ހިނގުން ލަސްވެފައިވުމުންނެވެ. ހޮސްޕިޓަލުގައި ބާއްވައިގެން ޒޫރިން އާއި ދަރިފުޅުގެ ހާލު ބަލަން ފަސޭހަވާނޭތީ ވެސް މެއެވެ.

“މަންމަ ބިރުން ހަލާކުނުވީ ކިރިޔާއެއްނު. ރީންއަށް ނޭނގޭތަ ދަރިފުޅާ ނުލާ މަންމައަށް ނޭވާއެއްވެސް ނުލެވޭނޭކަން… ދަރިފުޅު ކާން މަސައްކަތްކޮށްބަލަ. މަންމަ ބުނަމެއްނު ދަރިފުޅު ރަނގަޅު އެއްޗެހި ކެއީމައޭ ބަނޑުގައި މިއޮއް ދަރިފުޅުގެ ސިއްހަތު ރަނގަޅުވާނީ” ޒޫރިންގެ ހާލު ބަލާފައި ޑޮކްޓަރު ދުރުވުމުން ރޭޝްމާ އައިސް ޒޫރިންގެ ގާތުގައި އިށީނދެ ބޮލުގައި ފިރުމަމުން ވާހަކަދައްކަން ފެށިއެވެ.

“ރީން ކައޭ ދޯ… ހޮޑުލެވުމަކީ ރީން ކުރާނެކަމެއްނޫނެއްނު” ރޭޝްމާގެ ފަހަތުގައި ހުއްޓިލަމުން ތަހުސީނު ބުނެލިއެވެ. އޭނާގެ އުދާސްވެފައިވާ ހިތާއެކު ވެސް ހިނިތުންވެލަން މަސައްކަތް ކުރިއެވެ.

“ރޭޝް. ނާޒިލު ވެސް އެބަހުއްޓެއްނު ދޯ… އަހަރެން އެބަ އަންނަން ގެއަށް ވަދެލާފައި. އަންނަމުން ރީންއަށް ކޮންމެވެސް އެއްޗެއް ހިފައިގެން އަންނާނީ” ތަހުސީނު ބުނެލިއެވެ. އެއާއެކު ރޭޝްމާ ބޯޖަހާލީ އާނއެކޭ ބުނެލުމަށެވެ.

“އަހަރެން ހުންނާނަން. ތަހުސީނު ހާސްނުވޭ” ނާޒިލު ޔަޤީންކަން ދިނެވެ.

“މަށަށް ގުޅައްޗޭ ކަމެއް ގޯސްވަންޏާ” ތަހުސީނު މިހެންބުނެ ނާޒިލުގެ ކޮނޑުގައި އެއް އަތްބާއްވާލިއެވެ. ނާޒިލުގެ އިޝާރާތެއް ލިބުމާއެކު ތަހުސީނު ހޮސްޕިޓަލުން ނުކުންނަން ހިނގައިގަތެވެ.

“އައިސްތު ހޯދަން ދާނީ ކޮންތާކަށް. އޭނާ ހުރި ތަނެއް އެނގިގެން ނޫނީ ފަރީއެއް ނުހޯދޭނެ. އައިސްތުއަށް އެނގޭނެ ފަރީ ވީތަނެއް…ފަރީ އަހަރުމެންގެ ދަރިފުޅަށް ހެދީ ކިހިނެއްބާ؟ ރޭޝްއަށް މި ހުރިހާ ކަމެއް އެނގެން ޖެހޭނެ. އެކަމަކު ފަރީ ހޯދައިގެން އެނގޭނީ އަހަރުމެންގެ ދަރިއަކު ހުރިކަން ނޫނީ ނެތްކަން ވެސް. މިހާރު ފަރީ މީހަކާ އިނދެ ދާނެކަންނޭނގެ. އަނެއްކާ ބަނޑުބޮޑުވީމާ ފަރީއަށް ގޮތެއްވީބާ… އަހަރެން ނެތީމާ ފަރީ ހިތާމަކުރާނެކަން ޔަޤީން. މިއަދު އީތަންއެކޭ އަހަންނެކޭ ތަފާތެއްނެތް. ހާލަތު ތަފާތު ވިޔަސް އަހަރެން ވެސް ފަރީ އެކަނިވާން ދޫކޮށްލީ. ދެން ފެނުނަސް މާފެއް ނުކުރާނެކަންނޭނގެ… އެހެންވިޔަސް ދަރިއަކު ހުރިއްޔާ އެކަން އަހަރެން އެނގެން ބޭނުން” ކާރާ ދިމާއަށް އައި ތަހުސީނު އަމިއްލަ ނަފްސާ ވާހަކަދެއްކިއެވެ.

ކާރު ދުއްވާލީ ވަކި މިސްރާބެއްނެތިއެވެ. އެހެންނަމަވެސް ފަރިޔާލު ކިޔަވަން ދާ ކިލާސް ހުންނަ ހިސާބަށް ކާރުގައި އައެވެ. ނަމަވެސް މިހާރު މާލޭގެ މަގުތަކާއި އިމާރާތްތައްވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އެ ޒަމާނުގެ ކަންކަން ފެންނަން ހުރީ މަދު ހިސާބަކުއެވެ. މަގުގެ އެއްފަރާތުގައި ކާރު މަޑުކޮށްލުމާއެކު ތަހުސީނު ވިސްނާލިއެވެ. ފަރިޔާލުގެ މަޢުލޫމާތު ދެވޭނޭ މީހަކީ އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާ އައިސްތުއެވެ. އެކަމަކު އެ ދެމީހުންނަކީ އެއްރަށެއް ދެ މީހުންނެއްނޫނެވެ. އައިސްތު ހުންނަނީ މާލޭގައި ކަމެއް ވެސް ތަހުސީނަށް އެނގެނީއެއް ނޫނެވެ. އެހެން އިންދާ ކުއްލިއަކަށް ތަހުސީނުގެ ހަނދާނަށް އައީ ފަރިޔާލު ހުރި ގެއެވެ.

ބޮލުގެ އިސްތަށި ނުރައަށްވެ މޫނުގައި ރޫޖެހިލާފައި އިން ރުޝްދީ ސިޓިންރޫމު ދޮރާ ދިމާއަށް ބަލާލަމުން ލޮލުގައިވާ އައިނު ރަނގަޅުކޮށްލިއެވެ. ހަމަ އެވަގުތު އޭނާގެ އަނބި ޖުވޭރިޔާ ކޮފީތައްޓެއް ހިފައިގެން އައިސް ރުޝްދީގެ ގާތުގައި މަޑުކޮށްލީއެވެ.

“ކޮންކުއްޖެއް؟” ރުޝްދީއަށް ކޮފީތަށީ ދިއްކޮށްލައިގެން ހުރެ ޖުވޭރިޔާ އަހާލިއެވެ.

“އަޅުގަނޑު… ތަހުސީނު…” ސިޓިންރޫމު ދޮރުމަތީ ހުރެފައި ތަހުސީނު ބުނެލިއެވެ. އޭނާގެ އަޑާއި ހަރަކާތްތަކުގައި ވެސް ޖެހިލުންވެފައި ހުރިކަން ފާޅުވަމުން ދިޔައެވެ.

“ތަހުސީނު… ތަހުސީނު… ހާދަ ދަންނަވައްތަރު ޖަހައޭ… ކޮންގެއަކު ކުއްޖެއްތަ؟” ތަހުސީނަށް ބަލަން ހުރެ ޖުވޭރިޔާ ވާހަކަދެއްކިއެވެ. އޭރު ރުޝްދީ ވެސް އިނީ ސިޓިންރޫމު ދޮރުމަތީ ހުރި ތަހުސީނަށް ބަލާށެވެ.

“އަނެއްކާ ތީ އަބްދުއްސައްތާރުގެ ދަރިއެއްތަ؟ ޓީވީއިން ދެތިން ފަހަރެއްގެ މަތިން ފެނުނޭ… ދޮރުމަތީ ނުހުރެ އެތެރެއަށް ވަންނަންވީނު” ތަހުސީނު ކުޑަކޮށް ހިނިތުންވުލާފައި އެތެރެއަށް ވަނުމުން ރުޝްދީ ތެދުވެލިއެވެ. އަދި ސޯފާއަށް އިޝާރާތްކޮށްލާފައި ތަހުސީނާ ސަލާމްކޮށްލަން އަތްދިއްކޮށްލިއެވެ.

“ކިހިނެއްތޯ ރުޝްދީބެމެން… ރަނގަޅަށޭ އިނގޭތޯ ތި ހީވެލެއްވީ. އަޅުގަނޑަކީ ފިޔަލަގޭ އަބްދުއްސައްތާރުގެ ދަރިއެއް” ސާބިތުކަމާއެކު ވާހަކަދެއްކުމަށް ތަހުސީނު މަސައްކަތްކުރިއެވެ.

ރުޝްދީއަކީ އަބްދުއްސައްތާރުގެ ރަޙުމަތްތެރިއަކަށްވިޔަސް އުމުރުން އަބްދުއްސައްތާރަށްވުރެ ދޮށީ މީހެކެވެ. މިހާރު އޭނާގެ އުމުރުން ހަތްދިހަފަހެއްވެއްޖެއެވެ. އުޅުމުގައި ވެސް އުމުރުން ދުވަސްވެފައި ހުރި ކަމުގެ އަސަރުފެނެއެވެ. ތަހުސީނަށް އޭނާ ހުރި ބައިން ބަޔަކު އުޅޭކަމުގެ އެއްވެސް ނިޝާނެއް ނުފެނުނެވެ. އެތެރެއަށް ދެވޭ ގޮތަށް ހިމަ ގޯޅިގަނޑެއް ހުރި އިރު އެތަނުގައި ފެންނަން ހުރި ދެ ކޮޓަރި ހުރީ ލައްޕާފައެވެ. ބޮޑު ގޯއްޗަކަށްވެފައި ދިހަ ބުރިއަށް އިމާރާތްކޮށްފައި ހުރީ ކޮންމެ ބުރިއަކަށް ވަކިން އެރޭނޭ ގޮތަށެވެ.

“ތީ އަބްދުއްސައްތާރުގެ ދަރިއެއްތަ؟” ރުޝްދީ ވިސްނަން އިނދެފައި އަނެއްކާ ވެސް އޭނާ ކުރިން ކުރި ސުވާލު ތަކުރާރުކޮށްލިއެވެ. އެއާއެކު ތަހުސީނު ބޯޖަހާލިއެވެ.

“ބޭބެގެ ހަނދާން ވަރަށް ބަލިވެއްޖެ. ތަހުސީނާ މި ދިމާވީ ޗުއްޓީއަކަށް މިކޮޅަށް އައިސް ތިއްބާ. ބައްޕަ ވިދާޅުނުވޭތޯ މިހާރު ބޭބެމެން ރާއްޖޭން ބޭރުގައި އުޅޭކަމެއް. މި ގެވެސް އެއްކޮށް މިހުންނަނީ ކުއްޔަށް ދީފައި”

“އެހެންތޯ… ރުޝްދީބެގެ ގާތަށް އަޅުގަނޑު މިއައީ ވަރަށް ބޮޑުކަމަކާ. ދައްތައަށް ވެސް މިކަމުގައި އަޅުގަނޑަށް އެހީވެދެވިދާނެ…” ތަހުސީނު ވަގުތު ނަގާނުލާ އޭނާގެ ބޭނުން ހާމަކުރެވޭތޯ އުޅުނެވެ.

“ކިހިނެއްވީ؟ އަނެއްކާ ބައްޕަ އާއި މަންމަގެ ހާލު ރަނގަޅުތަ؟” ޖުވޭރިޔާ އޭނާގެ ފިރިމީހާއާ އެއްސޯފާގައި އިށީނދެ ހަމަޖެހިލީ ތަހުސީނުގެ ވާހަކަ އަޑުއެހުމަށެވެ.

“އަބްދުއްސައްތާރު އަރިހުގައި ދަންނަވާލައްޗޭ އަޅުގަނޑު ގާތަށް ވަޑައިގެންދެއްވުމަށް. މި ދުވަސްކޮޅު މާލޭގައި މި ހުންނަނީ… ޖުވޭރިޔާ! ދޭބަލަ އޭނާއަށް ކޮފީތައްޓެއް ކަހަލަ އެއްޗެއް ހަދާލައިގެން އަންނަން” ތަހުސީނަށް އަނގައިން ނުބުނެވިގެން އުޅެނިކޮށް ރުޝްދީ ވާހަކަދެއްކިއެވެ. އެއާއެކު ޖުވޭރިޔާ އާއި ތަހުސީނުގެ ދެމެދުގައި ދެކެވުނު ވާހަކައަށް ހުއްޓުމެއް އައެވެ.

“ތެދެއް ތަހުސީނު. އަހަރުމެންނަކީ ވެސް ދުރުބައެއްނޫން އިނގޭ. އެހެންވީމަ އައިފަހަރު ދާންވާނީ ކޮންމެވެސް އެއްޗެއް މިގެއިން ކާލައި ބޯލައި ހަދައިލައިގެން” ގާތް ގޮތަކަށް މިހެން ބުނެލަމުން ޖުވޭރިޔާ ތެދުވިއެވެ.

“ނޫނޭ ދައްތާ، ވަރަށް ބޮޑަށް ޝުކުރިއްޔާ އެކަމަކު މާގިނަ އިރު އިނދެވޭކަށްނެތް. ކޮންމެހެން ވެސް އޮޅުން ފިލުވާލަން ބޭނުންވާ ކަމެއް އޮވެގެން މިއައީ”

“ތިވަރުގެ ބޮޑުކަމެއް އަނެއްކާ ކިހިނެއްވީ؟ ދައްތައަށް އެހީއެއް ވެދެވެން އޮތިއްޔާ ވެދޭނަން. ނިކަން ބުނެބަލަ”

“ދައްތާ، ތަންކޮޅެއް ކުރީގެ ވާހަކައެއް ދައްކަން މިއުޅެނީ. އޭރު އަދި މިގެ ނުވެސް ހަދާ… މިގޭގައި ވަރަށް ކުރިން ރާއްޖެތެރޭ ކުދިން ކިޔަވަން ބެހެއްޓީމެއްނޫންތޯ…. އޭރު މިގޭގައި ހުރި ފަރިޔާލު ކިޔާ ކުއްޖެއް. ކޯހެއް ހަދަން އައިސް ހުރީ. ހީވާ ގޮތުން ދެ އަހަރު ވަރު މިގޭގައި ހުރި…”

“ފަރިޔާލު… އެއީ މަރޮށީ ކުއްޖެއްތަ؟” ޖުވޭރިޔާ ވަރަށް ވިސްނަވިސްނާފައި އަހާލިއެވެ.

“އޭނާ ކޮން ރަށެއްކަމެއް އަޅުގަނޑަކަށް ނޭނގޭ. މިގޭގައި ފަރިޔާލު ކިޔާ އިތުރު ކުއްޖަކު ހުރީތޯ” ތަހުސީނު ނާއުންމީދުވާގޮތްވިއެވެ. ކުރިއަށްވުރެ ގިނަ އިރު ޖުވޭރިޔާ އަނގައިން ނުބުނެ ފިކުރެއްގައި އިންހެން އިނދެފައި ވާހަކަދައްކަން ފެށިއެވެ.

“އެންމެ ފަރިޔާލެއް މިގޭގައި އިނީ. މިހާރު ދައްތަ ހަނދާންވެއްޖެ. އޭނާއަށް ކިހިނެއްވީ. މާލެ އައިސްގެން އުޅެނީތަ؟ ހާދަ ބަލިވެ އުޅެފައޭ މިގެއިން ދިޔައީ. ދައްތަ އެދުނިން ބަލި ރަނގަޅުވެލަންދެން މަޑުކޮށްލަން ވެސް. އެކަމަކު މިކޮޅުން ކޯސް ނިމުނީމާ ރަށަށް ދާހިތްވެފައި ހުރިލެއް ބޮޑުކަމުންހެން ހީވަނީ… ދައްތަގެ އަޑެއް ނޭހި. އަވަހަށް ރަށަށް ދާންށޭ ކިޔާފައި މިގެއިން ނުކުތީ…” ޖުވޭރިޔާގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވެގެން ދިޔައެވެ.

“އޭނާގެ ރައްޓެހިކުއްޖަކު ބުނެގެން މިއައީ. ދައްތައަށް އެނގޭތަ މަރޮށީ ކޮންގެއެއްގައި ކަން އޭނާ ހުންނަނީ”

“އެގެއަށް ކިޔާ ނަމެއް އެއްގޮތަކަށް ވެސް ހަނދާނެއްނުވޭ. މިހާރު އޭގެ ފަހުން ކިތައް އަހަރު މިވީ… އެކަމަކު… ރުޝްދީ އަތޮޅުތެރެއަށް ކުރި ދަތުރެއްގައި ފަރިޔާލު މިގެއަށް ގެނައީ… އޭރު ރުޝްދީ ބުނި ހަނދާނެއްވޭ މުޖުރާ މުޙައްމައިދީ ކިޔާ މީހެއްގެ ދަރިއެކޭ އެއީ…” ޖުވޭރިޔާގެ ވާހަކަތައް ފުރިހަމަ ކުރަމުން ދިޔައީ ހުއްޓަހުއްޓާފައެވެ. ހައްތަހާ ވެސް ޔަޤީންނުވާ ވާހަކައެއް ބުނަން ބޭނުންނުވާހެންނެވެ. އެހެންވިޔަސް އޭނާގެ ވާހަތަކުން ތަހުސީނަށް މުހިންމުވި ކަންކަން އޭނާގެ ފޯނުގައި ނޯޓުކޮށްލިއެވެ.

ރުޝްދީ އާއި ޖުވޭރިޔާއާ ވާހަކަދައްކަން އިން ތަހުސީނު އޭނާ ބޭނުންވާ ކަންތައް ފުރިހަމަ ވުމުން އެގޭގައި މާގިނައިރަކު ނީނެވެ. ކަމެއް ޖެހިގެން ދާންޖެހިއްޖެކަމުގެ ބަހަނާ ދައްކައި ތަހުސީނު ނުކުމެގެން އައިސް މަގުގެ އެއްފަރާތެއްގައި ބާއްވާލާފައި އޮތް ކާރަށް އެރިއެވެ.

“އެހެންވީމަ ފަރީ ދިޔައީ ރަށަށްތާ… އެކަމަކު މިހާރު ކިހިނެއް އެ ރަށަށް ދާނީ… މިވަގުތު ރޭޝްއަށް އަހަރެންގެ އެހީތެރިކަން މާބޮޑަށް ވެސް ބޭނުންވާނެ… ރީން ކިރިޔާ ދުނިޔޭގައި އޮތްކަން…. މިފަދަ ވަގުތެއްގައި ރޭޝް އެކަނިކޮށްލާފައި ފަރީ ހޯދަން އަހަރެން ދިއުމުން ދެންވާނީ ކިހިނެއް؟….” ކާރުގެ ހުންގާނުގައި ދެއަތުން ހިފަހައްޓާލައިގެން އިނދެ ތަހުސީނު އަމިއްލަ ޟަމީރާ ވާހަކަދެއްކިއެވެ.

ފިކުރުކޮށްކޮށް އީތަން ވަރުބަލިވެއްޖެއެވެ. ހިތް އެދޭހާ ގޮތަށް ކަންތައްކުރާން އޭނާ ވަނީ ނުކުޅެދެވިފައެވެ. ދުނިޔެ އޭނާއަށް ބަލާނީ ކޮންފަދަ ނަޒަރަކުންކަން އެނގޭތީވެ އެކަމާ ބިރުގެންފައެވެ. ޖަޒްލާއަށް ހަޤީޤަތް އެނގުނު ގޮތަކާ މެދު ވެސް އީތަންވަނީ ހައިރާންވެފައެވެ. އޭނާ އެއްގޮތަކަށް ވެސް ޒޫރިން އާއި ޖަޒްލާ ބައްދަލުވާކަށް ނޭދެއެވެ. ޚާއްޞަކޮށް ޒޫރިންއަށް ޖަޒްލާއާ ބެހޭގޮތުން އެއްވެސް އެއްޗެއް އެނގެން ބޭނުންނުވަނީއެވެ.

“ކޮން ފިކުރެއްގައި؟” އީތަންގެ ކޮނޑުގައި ޖަހާލާމުން ނުފައިލު އަހާލިއެވެ.

“ނުފައިލު! އަޅުގަނޑު އޮންނާނެ ޗުއްޓީއަކަށް އެދިފައި” އީތަން ތެދުވެ ވާހަކަދެއްކިއެވެ.

“އާން! ފެނުނޭ… ތިރީސްދުވަސްއެއްކޮށް… ހާދަ ބޮޑު ޗުއްޓީއެއް ނަގަން ތި ވިސްނީ އަނެއްކާ ކައިވެނި ފައިނަލްވީތަ” އާދައިގެ މަތިން ނުފައިލުގެ ހުރީ ސަމާސާ ކުރުމުގެ ގޮތެކެވެ.

“އިޓްސް ކޮމްޕްލިކޭޓެޑް…”

“އެހެންތަ! އެހެންވީމަ ބޯހަމަޖައްސާލަން ދޯ ތިއުޅެނީ” ނުފައިލު މިހެން ބުނުމުން އީތަން ގަދަކަމުން ކަހަލަ ގޮތަކަށް ހީނލަމުން ބޯޖަހާލިއެވެ.

އޮފީހުގެ މަސައްކަތްތައް ނިންމާލާފައި އީތަންއަށް ނުކުމެވުނީ އެހެން މުވައްޒަފުންނަށް ވުރެ ލަހުންނެވެ. އަތުކުރީ އޮތް ގަޑިއަށް ބަލާލާފައި އަތްކުރި އޮޅާލިއެވެ. އަދި ކަރުގައި އޮތް ޓައީ ނަގާ ފަޓުލޫނުގެ ޖީބަށް ކޮށްޕާލިއެވެ. ޕާކިންޒޯނުގެ ކައިރީ އައިސް ހުއްޓިލަމުން އީތަން އޭނާގެ އުފަންދުވަހު ޝައުން ދިން ސައިކަލަށް އެރިއެވެ. މަޑުދުވެއްޔައި ދުއްވަމުން އައިސް އޭނާ ވަނީ އާންމުކޮށް އަރާ އިންނަ ރެސްޓޯރެންޓަށެވެ. ގެއަށް ދާން ވެސް ބޭނުންނުވާ ކަހަލައެވެ.

މޭޒުގެ ދޮށުގައި ކޮފީއަކަށް އޯޑަރު ދީގެން އީތަން އިނެވެ. ދުރުން ފެންނަމުންދިޔަ ގުދުރަތީ މަންޒަރަށް ނަޒަރު ހުއްޓާލައިގެން އިނެއްކަމަކު އޭނާގެ ޚިޔާލުތައްވަނީ މާ ދުރަށް ދަތުރުކޮށްފައެވެ. ދެ ލޮލުގެ ކުރިމަތީ ފަރުދާއެއް ދަމާލެވިފައިވާ ކަހަލައެވެ. ފެންނަމުން ދިޔައީ ޒޫރިންގެ ހިނިތުންވުމެވެ. އެ ދެ ލޮލުގައި އީތަން ފެންނަ ކޮންމެ ފަހަރަކު ފެންނަން ހުންނަ ވިދުމެވެ. ކަންފަތްކައިރީ ޒޫރިންގެ ސަމާސާ ބަސްތައް އިވެމުން ދިޔަ ކަހަލައެވެ. ބޭއިޚްތިޔާރުގައި އީތަންއަށް އޭނާގެ ފޯނު ނަގާ ބަލާލެވުނެވެ. ޖަޒްލާ އެ ފޮޓޯއެއްގެ ވާހަކަ ދެއްކި ފޮޓޯއަށް ބަލަހައްޓައިގެން އީތަން އިނެވެ. ޒޫރިންއާއެކު ނަގާފައިވާ އެ ފޮޓޯނެގި ރޭގެ މަތިން އީތަން ހަނދާންވިއެވެ. އެއާއެކު ޒޫރިންގެ އެތައް ހަނދާނެއް އޭނާގެ ހިތާއި ސިކުނޑިއަށް ބޮނޑިވަމުންދިޔައެވެ. އެންމެ ފަހަރަކު ވެސް ޒޫރިންގެ ފަރާތުން އީތަން ހިތްހަމަނުޖެހޭ ސިފައެއް ފެނިފައެއްނުވެއެވެ. ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ޒޫރިންގެ ކޮންމެ ހަރަކާތެއްގައި ހުއްޓެވެ. އީތަންގެ މުޅި ދުވަސް އުޖާލާކުރުވައެވެ. ނޭނގުމުގެ ތެރެއިން ހަމައެކަނި ޒޫރިންގެ ޚިޔާލުތަކުން ވެސް އީތަންގެ ތުންފަތަށް ހިނިތުންވުން ގެނުވައިފިއެވެ. އޭނާގެ ދެ ލޯ މަޑުމަޑުން ފެންކަޅިވެ ފުސްވަމުން ދިޔައެވެ. ޒޫރިންގެ ފަރާތުން ލިބުނު އެންމެ ފަހު މެސެޖަށް ބަލަހައްޓައިގެން އިން އީތަން އެއްއަތުގެ ބޮޑުވައި އިނގިލިން ސިއްރުގޮތަކަށް ލޯ ކައިރި ފުހެލިއެވެ. ކައިރީގައި ތިބި ބަޔަކަށް އީތަންގެ އެ ހަރަކާތް ފެންނަން ބޭނުންނުވާ ކަހަލައެވެ.

“އަހަންނަށް މާފުކުރޭ ރީން… ކަންތައް ދިމާވިގޮތުން އަހަންނަށް ޖޭޒް އިޚްތިޔާރުކުރުން ނޫން ގޮތެއް ނެތް. ޢާއިލާގެ ހަމަޖެހުން ވެސް އޮތީ މިކަމުގައި…” އަމިއްލަ ހިތާ އީތަން ވާހަކަދައްކަމުން ދިޔައެވެ. އޭނާގެ އަމިއްލަ ހިތްހަމަޖެހުން ގުޅިފައި އޮތީ ކޮންކަމަކާތޯ އީތަންގެ ޟަމީރު ސުވާލުކުރި ނަމަވަސް އެ އަޑަށް އޭނާ ބީރުކަންފަތެއް ދިނެވެ. ޖަވާބުދިނުމުން ފަހަރެއްގައި އޭނާގެ ނިންމުމަށް ބަދަލު އަތުވެދާނޭތީއެވެ.

ގައިގާ ވަރުޖެހިލާ ނޭވާލަން ފަސޭހަވެލުމުން ޒޫރިންއަށް އިށީނދެގެން އިނދެވޭނޭ ގޮތަށް އެނދުގެ ބޯލާކޮޅު ނާޒިލު އުފުލާލިއެވެ. ރޭޝްމާ މަސައްކަތް ކުރީ ޒޫރިންއަށް ކާއެއްޗެއް ދެވޭތޯއެވެ. އޭރު ތަހުސީނު ވެސް އަތުވެއްޖެއެވެ. އެންމެންގެ ހިތްވަރުން ޒޫރިން ކެވޭތޯ މަސައްކަތްކުރިއެވެ. ހޮސްޕިޓަލުގައި އޮތުމަކީ ޒޫރިން ވެސް މާކުރާހިތްވާ ކަމެއްނޫނެވެ. އެހެންވެ އަމިއްލައަށް ވެސް ރަނގަޅުވާން ވަރަށް ހިތްވަރު ކުރިއެވެ. ޒޫރިންގެ ބަނޑުގައި އޮތް ދަރިފުޅު ވަރަށް ހިތްވަރު ގަދަކަމަށް ޑޮކްޓަރުން ބުނަމުންދިޔައެވެ. އިރުއިރުކޮޅާ ޒޫރިންއަށް އޭނާގެ ބަނޑުގައި ފިރުމާލެވެއެވެ. ލޯއްބާއިއެކުއެވެ. މިހާރު އެ ދަރިފުޅު ދުށުމަށް ޒޫރިންގެ ކެތްތެރިކަން ކުޑަވެފައިވެއެވެ. ހަމައެއާއެކު ހިތަށް ތަދު ވެސް ވެއެވެ. އެ ދަރިފުޅު ދުނިޔެއަށް އުފަންވުމާއެކު އެއީ ބައްޕަނެތް ކުއްޖެއްގެ ސިއްކަޖެހިގެންދާނެކަން ޒޫރިންއަށް އެނގޭތީއެވެ. އެއީ މުޅިއުމުރު ހުސްވިޔަސް ބަދަލު ކުރެވޭނޭ ކަމެއްނޫނެވެ. އެފަދަ ޚިޔާލުތަކާއެކު ޒޫރިންގެ ހަނދާނަށް އީތަން އާދެއެވެ. އަދިވެސް އެހިތުގައި އީތަންއަށް ދޭނޭ ލޯބިވެއެވެ. އެ ލޯއްބަކަށް އުނިކަމެއް ނާދެއެވެ. އެހެންވިޔަސް އީތަން ކަންތައްކުރި ގޮތުން ޒޫރިންގެ ހިތުގައި ވެސް ޖެހެއެވެ.

ހަތަރުދުވަހު ހޮސްޕިޓަލުގައި ބާއްވާފައި ޒޫރިން ގެއަށް ފޮނުވާލިއެވެ. އެއާއެކު ތަހުސީނު ހިތުގައި އަޅައިގެން އުޅޭ ވާހަކަ ރޭޝްމާއާ ދައްކާލާނޭ ފުރުޞަތެއް ލިބުނެވެ. ޒޫރިން ނިދަން ހުރިހާ ކަމެއް ތައްޔާރުކޮށްދީ އޭނާ ކޮޓަރިއަށް ވައްދާފައި ރޭޝްމާ ޓެރެސްއަށް ނުކުމެ ތަހުސީނުގެ ގާތުގައި އިށީނެވެ. އޭރު ނާޒިލު ވެސް ގެއަށް ހިނގައްޖެއެވެ.

“ކޮފީއެއް ގެނެސްދެންތަ؟” ރޭޝްމާ އައިސް ސަރަންފީގައި އޮތް ތަހުސީނުގެ އިސްތަށިގަނޑާ އިނގިލިތަކުން ކުޅެލަމުން އަހާލިއެވެ.

“އެންމެ ރަނގަޅު. އަހަރެން ވަރަށް ބޮޑު ވާހަކައެއް ވެސް އެބައޮތް ރޭޝްއާ ދައްކަންވެފައި… ކޮފީއަކާއެކު ކުރިއަށް ދިއުން ކަންނޭނގެ ރަނގަޅުވާނީ” ލުއި ހިނިތުންވުމެއް ބަދަލުކޮށްލަމުން ތަހުސީނު ބުނެލިއެވެ.

—  ނުނިމޭ  —

Leave a Comment

Your email address will not be published. Required fields are marked *