އީތަންގެ ކުށެއްނެއްކަމާއި އޭނާއަކީ ރަނގަޅު ޒުވާނެއްކަން ރޭޝްމާގެ ކުރިމަތީ ބުނެދޭން ޒޫރިން އެހާ ބޭނުންވަނީ ކީއްވެކަމެއް ރޭޝްމާއަކަށް ނުވިސްނުނެވެ. އެހެންނަމަވެސް ދަރިފުޅަށް ލިބިފައިވާ ނުތަނަވަސްކަން އިތުރުކުރާކަށް ރޭޝްމާ ބޭނުމެއްނޫނެވެ. ދަރިފުޅުގެ ބޮލުގައި ފިރުމަމުން އަނެއްކާ ވެސް ކައިފިންތޯ ސުވާލުކުރިއެވެ. އަދި ރޭޝްމާ ވެސް ނުކައި އިނުމުން އޭނާއާއެކު ކާން އައުމަށް އެދުނެވެ. ދެ ލޯ ފުހެލާފައި ޒޫރިން ރޭޝްމާއާއެކު ތެދުވިއެވެ.
އެހެން ރޭ ރެއަށްވުރެ ކުރިން ނިދަން އެނދަށް އެރިއެއްކަމަކު ރޭޝްމާއަކަށް ނުނިދުނެވެ. ޒޫރިންގެ ހާލަކީ ވެސް އެއީއެވެ. އޭނާ އިތުރަށް ކަންބޮޑުވަނީ އީތަން ފޯނަށް ޖަވާބު ނުދޭތީއެވެ. އޭނާއާ ވާހަކަދައްކަން އީތަން ބޭނުންނުވަނީއޭ ހިތަށް އަރާވަރުން ޒޫރިންއަށް ރޮވެނީއެވެ. އީތަންއަށް ކުއްލި ބަދަލެއް އަތުވެއްޖެކަން ޒޫރިންއަށް އެނގެއެވެ. އެހެންނަމަވެސް އޭނާ ރޭޝްމާގެ ގާތުގައި މިއިން އެއްވެސް ވާހަކައެއް ހާމަކުރާކަށް ބޭނުމެއްނޫނެވެ. އަމިއްލަ ހިތަށް ކުށްހީއެއް ކުރެވެނީކަމުގައި ވިސްނައިދޭން ޒޫރިން މަސައްކަތްކުރިއެވެ. އެއިން ކޮންމެ ފަހަރަކު ލޮލަށް ޖަމާވާ ކަރުނަ ގިނަވުން ނޫންކަމެއް ނުވެއެވެ. މިވަގުތު އޭނާއަށް އެންމެ މުހިންމީ އީތަންގެ ލޯއްބާއި އެއްބާރުލުމެވެ. އީތަން އާއި ރޭޝްމާއާ ދެމެދު ކަންތައް ހިނގިގޮތުން އެކަމާ ޒޫރިން ކުރި އެއްވެސް ސުވާލަކަށް އީތަން ޖަވާބެއް ނުދިނެވެ. އެހެންވިޔަސް ރޭޝްމާއަށް އީތަންއަކީ ކާކުކަން އެނގެޔޭ ޒޫރިންގެ ޟަމީރު ބުނަމުންދިޔައެވެ.
ފަތިހުގެ ފިނިކަން ކެނޑިގެ އިރުގެ ރަންދޯދިތައް ކުޑަދޮރުން ކޮޓަރީގެ ތެރެއަށް ވަނުމަށް އަޅުވާފައި ހުރި ފަރުދާތަކާ ތޮޅެމުން ދިޔައިރު ވަރުބަލިވެފައިވާ ދެ ލޮލުން ޒޫރިން އޮތީ ބަލާށެވެ. ތެދުވަން ބޭނުންނުވެފައި އޭނާ އޮތެވެ. އޮފީހަށް ސަލާމްބުނެފައި ގޭގައި ޒޫރިން އޮންނަ ސަބަބެއް އެކަކަށް ވެސް ނޭނގެއެވެ. ކުއްލިއަކަށް ހަ ގަޑި ބައިގައި ފޯނުން އެލާމު އަޅަން ފެށުމުން ޒޫރިން ސިހުނެވެ. އަވަހަށް ފޯނު ނަގާ އެލާމު ކަނޑާލިއެވެ. އޮފީހަށް ދާން ހޭލާ ގަޑި ޖެހުނީއެވެ. އެކަމަކު އޮފީހަކަށް ޒޫރިން ދާނީ ކިހިނެއްބާއޭ އޭނާގެ އަމިއްލަ ނަފްސާ ސުވާލުކުރީ ފޯނަށް ބަލަހައްޓައިގެން އޮވެއެވެ. މި ޒަމާނަކީ ފާރުގައި ވެސް ކަންފަތް ހުންނަ ޒަމާނެވެ. އެހެންވެ އެންމެ ރަނގަޅުވާނީ އީތަންއާ ކައިވެނިކުރެވެންދެން ގޭގައި ހުރުން ކަމުގައި ޒޫރިން ނިންމިއެވެ.
އީތަން އާއި ޒޫރިންގެ ކައިވެންޏާ މެދު ވިސްނާލުމާއެކު ޒޫރިންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ނުތަނަވަސްވެފައި އޮތުމުގެ ބަދަލުގައި ޒޫރިން ހިތްވަރުކޮށްފައި ތެދުވިއެވެ. ފާޚާނާއަށް ވަދެ ފެންވަރާ ތަޒާވެގެން ނުކުތްއިރު އޭނާގެ މޫނުމައްޗަށް ދިރުން ލިބިފައިވިއެވެ. ލޯގަނޑު ކުރިމަތީ ހުރެ އެއްފަރާތަށް އިސްތަށިގަނޑު ގެނެސް ގަތާލުމާއެކު ލިޕްބާމު ނަގާ ހިކިފައިވާ ތެދުފަތުގައި ހާކާލިއެވެ.
“އައި ލަވް ޔޫ އީތަން…” އިރުކޮޅަކު ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަހައްޓައިގެން ޒޫރިން ހުރެފައި ބުނެލިއެވެ. އަދި ލުއިލުއި ހިނިތުންވުމެއް އެ ދެ ތުންފަތުގައި ދުވެލިއެވެ.
ޖޫސްތަށި ހިފައިގެން ޓެރެސްގައި މަޑުކޮށްލައިގެން ޒޫރިން ހުރިއިރު އޭނާއަށް އަރަމުން އައި އިރުގެ ހޫނުކަން އިހުސާސްނުވާ ކަހަލައެވެ. އެތި ފޮދު ބޮމުން ދިޔަ ނަމަވެސް ޒޫރިންގެ ޚިޔާލު ގެއްލިފައިވަނީ އެ ބޮޑު ޓެރެސްއަށެވެ. އެތަނުން އެންމެ ފުރަތަމަ އީތަން އާއި ޒޫރިންގެ ބައްދަލުވުން ހިނގިގޮތެވެ. އެއަށްފަހު އެ ދެމެދުގައި އުފެދުނު ގާތް ގުޅުމެވެ. ދެ މީހުންނަށް އެކަކު އަނެކަކަށް ދުރުގައި ހުންނަން އުނދަގޫވި މިންވަރެވެ. ނަމަވެސް އެކަމުގެ ނަތީޖާ ޒޫރިންގެ ލޯ ރޮއްވާލައިފިއެވެ. ލޯބިވާ މަންމަގެ ހިތުގައި ޖެހިއްޖެއެވެ. ޒޫރިން ދެ ލޯ މަރާ ބާރުކޮށްލުމާއެކު އަތުގައި އޮތް ޖޫސް މަގުގައި ދެއަތުން ހިފާ ބާރުކޮށްލިއެވެ.
“ކޮން ޚިޔާލެއްގައި” ފައިލުތަކެއް ގެނެސް އީތަންގެ މޭޒުގައި ބަހައްޓަމުން ނުފައިލު އަހާލިއެވެ.
“މާބޮޑުކަމެއްނޫން… ނުފައިލު. ވާހަކައެއް ބުނަންވެފައި އެބައޮތް”
“އަނެއްކާ ސިއްރެއްތަ؟ ކެބިންއަށް ދާންވީތަ؟” ފަޓުލޫނުގެ އެއްފަރާތު ޖީބަށް އެއްއަތް ކޮށްޕާލައިގެން ހުރި ނުފައިލު ބުނެލިއެވެ.
“ވީކަންޑުގައި މާލެއިން ބޭރަށް ގޮސްލަން އެބަޖެހޭ” ނުފައިލުގެ އަޑުގައި ސަމާސާގޮތެއް ހުއްޓެއްކަމަކު އީތަން ފެންނަނީ ވަރަށް ސީރިއަސްވެފައި އިންތަނެވެ.
“ހަމަ ދާންވީ. އެކަމަކު އަހާލެވިދާނެތަ ކިހިނެއްވީތޯ؟ ހާދަ ހީވެޔޭ އީތަންއަށް ކަމެއް ދިމާވެގެން އުޅޭހެން. އަނެއްކާ ފެމެލީ މީހުން ރަނގަޅުތަ؟ އަހަރެން އީތަންއާ މެދު ދެކެނީ މުވައްޒަކަށްވުރެ އެކުވެރިއެއްގެ ގޮތުގައި. އަހަރެން ގާތު ބުނީމާ އެނގޭނީ އެހީއެއް ވެދެން ވެސް” ކުއްލިއަކަށް ނުފައިލުގެ އަޑު ބަދަލުވެގެން ދިއުމާއެކު އޭނާ ވަރަށް ފުންކޮށް އީތަންއަށް ބަލަންފެށިއެވެ.
“އަސްލު ވެސް މާބޮޑުކަމެއްނުވޭ… ގާލްސް ޕްރޮބްލެމްސް އާ ކޮމްޕްލިކޭޓެޑް. ނޫންތަ؟” އީތަން ހީނލަން މަސައްކަތްކުރަމުން ބުނެލިއެވެ.
“އޯ! ގާލް ފްރެންޑުގެ ކަމެއް ދޯ… ތިޔަހެންވިއްޔާ މީހާގެ ސިކުނޑި ސުމަކަށްދާނެ. އަހަންނަކަށް ވެސް އަންހެނުންނާ ބެހޭ ގޮތުން ޓިޕްތަކެއް ދޭކަށް ނޭނގޭނެ. އޭނާއަށް ވަގުތު ނުދޭތީ އެކަމާ ޝަކުވާކުރީ ދޯ… އެންމެ ރަނގަޅު އީތަން. މި ވީކަންޑު އެއްކޮށް ފްރީ… އޮފީސް އެއްވެސް ކަމެއް ނުޖައްސާނަން. އެހެން މުވައްޒަފުންނަށް ވެސް އަންގާނަން މި ބަންދު ތެރޭ ކަމެއް ޖެހިއްޖެއްޔާ ސީދާ އަހަންނަށް ގުޅުމަށް. މިވަރު ރަނގަޅެއްނޫންތަ” ނުފައިލު ހެމުން ވާހަކަދެއްކިއެވެ.
“ތެންކިޔު…”
“އެނީޓައިމް މޭން…އެނީޓައިމް” އީތަންގެ ކޮނޑުގައި ޖަހާލާފާއި ނުފައިލު އޭނާގެ ކެބިންއަށް ވަނުމަށް ދިޔައެވެ.
މަސައްކަތުގައި އީތަން އުޅުނުއިރު ދޭތެރެއަކުން ޝައުން ގުޅައެވެ. އެހެންނަމަވެސް ރޭޝްމާ މެންގެއަށް ދިއުމަށް އީތަން އެއްބަސްވި ކަމެއް ޝައުން ގާތު އޭނާ ނުބުނެއެވެ. އެކި ޚިޔާލުތައް ޝައުން ދެމުން ދިޔައެއްކަމަކު އީތަންގެ ނިންމުންތައް ހުރީ އޭނާގެ އަމިއްލަ ވިސްނުމުގެ މައްޗަށެވެ. ގަޑިއަށް ބަލަމުން ދިޔައިރު މިއަދު ވަގުތު ވެސް މާއަވަހަށް ދާހެން އީތަންއަށް ހީވެއެވެ. ފަހަރެއްގައި ކުރަން ބޭނުންނޫންކަމެއް ކުރުމަށް އަމިއްލަ ނަފްސަށް މަޖުބޫރުކުރާތީ ވާގޮތެއްހެން އީތަންއަށް ހީވެއެވެ.
ދަރިފުޅުގެ ޚަބަރެއްނުވެގެން އިނާޔާ ކަންބޮޑުވެފައި ވެއެވެ. އެންމެފަހުން ޖަޒްލާ ފެނުނު ދުވަހު އޭނާ ދެރަވެފައި ހުރި ވަރު ފެނިފައި އިނާޔާ ސިކުނޑި ހާސްވަމުން ދިޔައެވެ. ގުޅާލުމުން ފޯނު ނުނެގީތީ އިތުރަށް ގުޅާކަށް ވެސް ނުކެރުނެވެ. ކާމިލު ގާތު އެވާހަކަ ބުނަންޖެހުނީ އެހެންވެއެވެ. އަންހެން ދަރިފުޅު އެކަނިމާއެކަނި ގެއިން ނުކުމެގެން ގޮސް އެހެންތަނެއްގައި ހުރުމަކީ ކޮންމެ މަޔަކާއި ބަފައެއް އެކަމާ މެދު ކަންބޮޑުވާނޭ ކަމެކެވެ.
ހަތް އަހަރުގެ ނައޫފް ގެންގޮސް ސުކޫލަށް ލާފައި އިނާޔާ ގެއަށް އައި އިރު ކާމިލު ގޭގައި އުޅެއެވެ. މެންދުރު ކާން ހަދަންވީ ތޯ އަހާލުމާއެކު ކާމިލު އިޝާރާތްކޮށްލީ އޭނާގެ ގާތުގައި ސިޓިންރޫމު ސޯފާގައި އިހަށް އައިސް އިށީނުމަށެވެ.
“ކިހިނެއްވީ؟ ޖަޒްލާއަށް ގުޅިންތަ؟ ކާމިލު. ތިހެން އެއްޗެއް ނުބުނެ އިނީމަ ހިތްބިރުގަންނަ ގޮތްވޭ…. ވީގޮތެއް ބުނެބަލަ” ހާސްވެފައި އިނާޔާ ވާހަކަދައްކަން ފެށިއެވެ. އޭނާގެ ވާހަކަތައް އަޑުއަހަން އިރުކޮޅަކު އިން ކާމިލު ހޭންފެށިއެވެ. އަދި އިނާޔާގެ ކޮނޑުގައި ދެ ފަރާތުން ހިފަހައްޓާލާފައި ވާހަކަދައްކަން ފެށިއިރު އޭނާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ.
“ހާދަ އަވަހަކާ އިނާ ބިރުގަނެޔޭ… އަހަރެން މިއިނީ ވަރަށް އުފަލުން. އެނގޭތަ؟ ޖޭޒް އާއި އީތަން ކައިވެނިކުރަނީ… އަހަރެން ގާތު ބުނި އަދި އެ ވާހަކަ ނުދެއްކުމަށް. އެކަމަކު މިހާ އުފާވެރި ޚަބަރެއް ކިހިނެއް ހިފަހައްޓައިގެން ހުންނާނީ. އެވީ އަހަރެން ބޭނުންވި ގޮތަށް… އިނާ! އަހަންނަށް އީތަން ވަރަށް ކަމުދޭ. ޖޭޒް ދެކެ އީތަންއަށް ވުރެ ބޮޑަށް ލޯބިވާނެ އެހެން ޒުވާނަކު ނުވާނެ. އެ ދެކުދިން އުޅޭގޮތް އަހަރުމެންނަށް ފެނެއެއްނު. ކިހާ ދުވަހެއް މިވަނީ. މައްސަލަ ކިތަންމެ ޖެހުނަސް އެކަކުއަނެކަކު ވަކިވާކަށް ބޭނުމެއްނުވޭ. އަލްހަމްދުލިﷲ! އަހަރުމެންގެ ޖޭޒްއަށް އެ ފަދަ ހެޔޮ ވިސްނުމެއްލެއްވީތީ ﷲގެ ހަޟްރަތަށް ޝުކުރުވެރިވަން”
“ޤަބޫލެއްވެސް ނުކުރެވޭ… ހަމަ އީތަންއާ ދެކުދިން ކައިވެނިކުރަން ނިންމީތަ؟” އިނާޔާއަށް ޔަޤީންނުވެގެން ތަކުރާރުކޮށް އެހުނެވެ.
“އާން! އާން! އެ ދެ ކުދިން ކައިވެނިކުރަން ނިންމީ. އަހަންނަށް ފެންނަނީ ދެ ފަރާތުގެ ޢާއިލާވެގެން އެކުދިންގެ ކައިވެނީގެ ކަންކަން ރާވަން. ޖޭޒް ހުރީ ވަރަށް އުފަލުން…. އީތަން މި ބަންދުގައި އެކޮޅަށް ދާނެކަމަށްވަނީ. ދެ ކުދިން އެކުގައި މާލެ އައިސް އެވާހަކަ ކިޔައިދޭން ނިންމައިގެން ކަމަށް ހުރީ ބުނި. އިނާ ގާތު ވެސް ބުނަން ހުރީ މާލެ އައިސް… ބުނީ އޭރުން މަންމަ ވަރަށް އުފާވާނެޔޯ” ހިނިއައިސްފައި އިނދެ ކާމިލު ވާހަކަދެއްކިއެވެ.
“ﷲއަށް ޙަމްދުކުރަން. ހުރި ހަމައެކަނި އަންހެން ދަރިފުޅާމެދު އަހަރެން ބޯގޮވާވަރުވެފައި ހުރީ. ދެރަކަމެއް ވެދާނޭ ހިތަށް އަރާވަރުން. އެހާ މިނިވަންކަން ދަރިއަކަށް ދޭކަށް ނުވާނޭ އަބަދު ހިތަށް އަރާ… އެކަމަކު މިއަދު ވަރަށް އުފާވެއްޖެ. ޖަޒްލާ އެބުނީ ރަނގަޅަށް… އަހަންނަށް ލިބުނު އުފާވެރިކަން ދުލުން ބަޔާންކުރާނެ ގޮތެއް ވެސް ނޭނގޭ. އަހަންނަށް ވެސް ފެންނަނީ އެ ދެކުދިންގެ ޚިޔާލު ބަދަލުވުމުގެ ކުރިން އެ ކައިވެނި އަވަސްކުރަން. އީތަންއާ މެދު އަހަރެން ވެސް ވަރަށް ޤަބޫލު. އީތަންގެ މައިންބަފައިންނަކީ ވަރަށް ރަނގަޅުބައެއް. ބޮޑަށް ރަނގަޅީ ވެސް ކައިވެނިކޮށްގެން އީތަންމެން ގޭގައި ދިރިއުޅެން ނިންމިއްޔާ. ހަރުދަނާ ރަނގަޅު ކުއްޖަކަށް އަހަރެންގެ ޖޭޒް އޭރުން ވާނެކަން ޔަޤީން” ލިބުނު އުފަލަކުން ޖަޒުބާތީވި އިނާޔާ ކާމިލުގެ ކޮނޑުގައި ބޯއަޅާލިއެވެ.
“ޖޭޒްއަކީ މިހާރު އަހަރެންގެ ވެސް ދަރިއެއްނު” ކާމިލު މިހެން ބުނުމުން އިނާޔާ ހޭންފެށިއެވެ. އަދި ހިނިތުންވެލައިގެން އިނދެ ބޯޖަހާލިއެވެ. ކާމިލު ކަހަލަ އޯގާތެރި ދެވަނަ އިންސާނަކު މި ދުނިޔޭގައި ނުހުންނާނެއޭ އިނާޔާގެ ހިތަށް އެވަގުތު އެރިއެވެ. ލޯބިން ކާމިލުގެ އަތުގައި ހިފާލެވުނީ އެހެންވެއެވެ.
“އަހަންނަށް ފެންނަނީ އީތަންގެ މައިންބަފައިންނަށް މިގެއަށް އަންނަން ދަޢުވަތުދޭން. އަދި ކުދިންނަށް ނޭނގި އަހަރުމެންގެ ތެރޭގައި މިކަމާ މަޝްވަރާކޮށް ދުވަހެއް ނިންމަން” ނިކަން ފޯރިއާ އެއްކޮށް ކާމިލު ބުނެލިއެވެ.
“އެކަމަކު ޖޭޒް ރުހޭނެތަ އެގޮތަ” އިނާޔާ ސުވާލުގެ ނަޒަރަކުން ކާމިލަށް ބަލަން އިނެވެ.
“އެކުއްޖާ ހުރީ ވަރަށް އުފަލުން. މިއަދު ކައިވެނި ކުރެވެންޏާ މިއަދު ވެސް ކުރާގޮތަށް…. އެހެންވީމަ ލަސްކުރަނީ ކީއްކުރަން. އެ ދަރިފުޅު ހަނދާން ނުނެތޭނޭވަރުގެ ބޮޑު ޕާޓީއެއް ބާއްވަން އަހަރެން ބޭނުން. އިރާދަކުރެއްވިއްޔާ އަހަރެންގެ އަތުގައި މުދަލާ ފައިސާ އެބައޮތް. ދަރިންނަށްޓަކައި އަހަރެން އެ ފައިސާ މި ހޯދަނީ. އެކުދިންގެ އުފަލާ ހިތްހަމަޖެހުން ހޯދައިދިނުމަށް. އީތަންގެ ބައްޕަ ސުފިޔާނަށް އަހަރެން ގުޅާނަން. އީތަންއަށް މިކަން ސިއްރުކުރުމަށް ބުނާނަން. އަހަންނަށް ޔަޤީން އެމީހުން ވެސް ތިބޭނީ މި ކައިވެންޏަށް ވަރަށް އިންތިޒާރުކޮށްގެންކަން” ކާމިލު އުފަލުން އިނދެ ބުނެލިއެވެ.
ހާސްކަމުގެ ތެރެއިން ނިތްކުރިން ހިތްލަމުން ދިޔަ ދާތިކިތައް އީތަން ފުހެލިއެވެ. އަދި ފުންނޭވާއެއްލަމުން މީހާ ހަމައަކަށް އެޅިލަން މަސައްކަތް ކުރިއެވެ. ހ.ބުލޫމޫނު ދޮރޯށި ކުރިމަތީ ހުރެ ރަނގަބީލު އޮބަށް ފިތައިލިއެވެ. އެއާއެކު މަދު ސިކުންތުކޮޅެއްތެރޭ ނިކަން އަވަހަށް ދޮރޯށި ހުޅުވާލިއެވެ. ޔަޤީނުން ވެސް އެމީހަކު އެ ހުރީ ދޮރޯށީގެ ރަނގަބީލު ނުޖައިގެންކަން އެނގެއެވެ.
“އާދޭ އެތެރެއަށް” މަޑުމައިތިރިކަމާއެކު ރޭޝްމާ ބުނެލިއެވެ. އެއާއެކު އީތަން ދޮރޯށި ލައްޕާލާފައި އެތެރެއަށް ވަދެގެން އައެވެ.
ސިޓިންގރޫމަށް ރޭޝްމާ އާއި އީތަން ވަންއިރު ސޯފާގައި ޒޫރިން ވެސް އިށީނދެލައިގެން އިނެވެ. އޭނާއަށް އެމީހުން ފެންނައިރަށް ތެދުވެ އެއްފަރާތަށް ޖެހިލިއެވެ. ސޯފާގައި އިށީނުމަށް އީތަންއަށް ރޭޝްމާ އިޝާރާތްކޮށްލާފައި ޒޫރިންއަށް ބަލާލިއެވެ.
“ރީން ދާންވީނު އީތަންއަށް ފިނި ޖޫސްތަށްޓެއް ގެނެސްދޭން” އީތަންއަށް ނަޒަރު ހުއްޓާލައިގެން ހުރި ޒޫރިންއަށް ރޭޝްމާ ބުނެލިއެވެ. އެއާއެކު ބޯޖަހާލާފައި ޒޫރިން ބަދިގެ ފަރާތަށް ހިނގައިގަތެވެ.
“އީތަން… ރީން ބަނޑުވީ ހަމަ ހުރެފައެއްނޫންކަން އީތަންއަށް ވެސް އެނގޭނެ. މިކަމުގައި ތި ދެ މީހުން ވެސް ހަމަހަމަ. އެހެންވިޔަސް ދުނިޔެއަށް ބޭޒާރުވާނީ އަންހެންކުއްޖާ. ހުރިހާ ލަދުވެތިކަމަކަށް ކެތްތެރިވާން ޖެހޭނީ ވެސް އަންހެންކުއްޖާ. އީތަންއާ މެދު ރީންގެ ހިތުގައިވަނީ ކީކޭކަން އަހަންނަށް އެނގޭ. އެކަމަކު އީތަން އަހަރެންގެ ދަރިފުޅާ މެދު ދެކޭގޮތެއް އެއްގޮތަކަށް ވެސް ނޭނގޭ. އަހަރެންގެ ދަރިފުޅަކީ އަހަންނެއްނޫން. އޭނާ އީތަންއަށް އެ ފަދަ ފުރުޞަތެއް ދިނީ ތީ އޭނާގެ ލޯބިވީމަ. އީތަންގެ ގާތުން މިއަދު އަހަރެން އެ ދެން އޮތީ އެންމެ ކަމަކަށް. އަހަރެންގެ ރީންއާ ކައިވެނިކުރޭ… އޭނާ މި ދުނިޔޭގެ މަލާމާތުން ސަލާމަތްކޮށްދީ… ވަރަށް އުއްމީދާއެކު އީތަންގެ ގާތުން މި ކައިވެންޏަށް މި އެދެނީ…” ރޭޝްމާގެ ވާހަކަ އޭނާ ހުއްޓާލީ އެތަނަށް ޒޫރިން އައުމުންނެވެ. އީތަންއަށް ދިއްކޮށްލި ޖޫސްތަށީގައި ހިފުމަށް އުޅުނު ވަގުތު ޒޫރިންއާ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. ކަންބޮޑުވުމާއި ހާސްކަން އެ މޫނުން އީތަންއަށް ފެނުނެވެ. ބިއްލޫރިތަށީގައި ހިފާލުމާއެކު ޒޫރިންގެ ދެއަތުގައި ހުރި ތުރުތުރު އެޅުން އިހުސާސްވެގެން ދިޔައެވެ. ޒޫރިން މަޑުމަޑުން އައިސް ރޭޝްމާގެ ފަހަތުން އެއްފަރާތުގައި ހުއްޓިލިއެވެ.
“ކޮންމެވެސް ޖަވާބެއްދީ…” ރޭޝްމާ ބުނެލިއެވެ. ޒޫރިންއަށް އަނެއްކާ ވެސް ބަލާލާފައި އީތަން އިސްޖަހާލިއެވެ. އަދި އަތުގައި އޮތް ޖޫސްތަށި ކުރިމަތީ ހުރި ކުޑަމޭޒުގެ މަތީ ބަހައްޓާލީ ތުނބާ ކައިރިކޮށްލުމެއްނެތިއެވެ.
“ވިސްނާލަން ބޭނުން…” އިސްޖަހައިގެން އިނދެ އީތަން ބުނެލިއެވެ. ކުއްލިއަކަށް ކައިވެނިކުރަން އުޅެންފެށުމުން ޢާއިލާގެ ސުވާލުތައް ކުރިމަތިވާނޭކަން އީތަންއަށް އެނގެއެވެ. އަނެއްކޮޅުން ޖަޒްލާ ނޫން ކުއްޖަކާ އިންނަން އުޅޭކަން އެނގުމުން އޮހޭ ސުވާލުތަކަށް ނިމުމެއްނޯންނާނެއެވެ.
“ރީން. މަންމަ އީތަންއާ އެކަނި ވާހަކަދައްކާލަން ބޭނުން” ނުތަނަވަސްކަން ވެރިވެގެން ދިޔަ ރޭޝްމާ އެއްފަރާތުގައި ހުރި ޒޫރިންއަށް ގޮވާލާފައި ބުނެލިއެވެ. އޭނާ ކަންބޮޑުވިތަން ފެނުމުން ރޭޝްމާ ދަރިފުޅުގެ އަތުގައި ހިފާލާފައި ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.
ސިޑީގެ ހަރުފަތްތަކުން މައްޗަށް އަރައިގެން ޒޫރިން ދިޔައެވެ. އެހެންނަމަވެސް ރޭޝްމާއަށް ނުފެންނަ ހިސާބަށް ދެވުމާއެކު ޒޫރިން ހުއްޓުނެވެ. އަދި އީތަން އާއި ރޭޝްމާ ދައްކަން އުޅޭ ވާހަކައެއް އަޑު އެހުމަށް އެ ދިމާއަށް ކަންފަތް ސަމާލުކޮށްގެން ފިލާ ހުއްޓެވެ.
“އީތަން ވިސްނަން ދުވަސްދޭނީ ކިހިނެއް. ފާއިތުވާ ކޮންމެ ދުވަހަކަށް ރީންގެ ބަނޑުގައި އޮތް ދަރިފުޅު ބޮޑުނުވެ އޮންނާނެތަ؟ އެއީ އީތަންގެ ދަރިއެއްނޫންތަ؟ އަހަރެން އާދޭސްކުރަން އީތަން. ވިސްނުމަށް ވަގުތު ދެވޭކަށްނެތް. ކަމުގެ ޒާތުން ވީހާ ވެސް އަވަހަކަށް ނިންމުން ނިންމަން އެބަޖެހޭ. ރީން އޭނީ ބަލިވެ. އޭނާގެ ބަނޑުގައި އެވަނީ އީތަންގެ ދަރިއެއް. އެ ތުއްތު ފުރާނަ ރީންގެ ރަހިމުގައި އަށަގަތް ދުވަހުން ފެށިގެން މިހާރު ތީ ބައްޕަ އަކާއި މަންމައެއް…. އެކަމާ ވިސްނާބަލަ… އެއީ ރީން އަމިއްލައަށް ލިބިގަތްކަމެއްތަ؟ ހެޔޮނުވާނެ އީތަން…. އަހަރެން ދަރިފުޅު މި ދުނިޔޭގެ ލަދުން ސަލާމަތްކޮށްދީ. އާދޭސްކުރަން. އަހަރެންގެ ހުރިހާ ވެސް މީހަކީ އެ ދަރިފުޅު… ރީން އަބަދު ރޯތަން ދުށުމަކީ އަހަންނަށް ކެތްވާނޭ ކަމެއްނޫން”
އިސްތަށިގަނޑުގައި ނިތްކުރިއާއެކު އަތްހާކާލަމުން އީތަން ތެދުވިއެވެ. އެއާއެކު ރޭޝްމާ ވެސް ތެދުވިއެވެ. ބުނާނޭ އެއްޗެއް ނޭނގިގެން އީތަން އުޅޭ ކަހަލައެވެ. ރޭޝްމާއަށް ބަލާލާފައި އީތަންއަށް އިސްޖަހާލެވެނީ ކައިވެންޏަކީ ވަރަށް ބޮޑު ނިންމުމަކަށްވާތީއެވެ. ކުއްލިއަކަށް އީތަން ސިހުނީ އޭނާގެ ފައިގައި މީހަކު ހިފުމުންނެވެ. އޭރު ރޭޝްމާ އޭނާގެ ފައިގައި ދެއަތުން ހިފަހަށްޓައިގެން ފޭބުޑަށް ތިރިވެއިނެވެ. ސިޑިމަތީ ސިއްރުން ބަލަންހުރި ޒޫރިންގެ ނޭވާ ތާށިވިކަހަލައެވެ. ފެންކަޅިވެގެން އައި ދެ ލޯ ބޮޑުކޮށްލައިގެން ހުރެވުނީ އަނގަމަތީ ދެއަތް އަޅާލައިގެންނެވެ. އީތަންގެ ފައިބުމަށް އޭނާގެ މަންމަ ވެއްޓި އާދޭސްކުރާތަން ބެލުމަކީ ބަލަން ފަސޭހަ މަންޒަރަކަށް ނުވިއެވެ.
“އާދޭސްކުރަން… އާދޭސްކުރަން… އީތަން އަހަރެންގެ ދަރިފުޅުގެ ދެކެ ލޯބިނުވަނީތަ ތިހެން ތި ކަންތައްކުރަނީ” އީތަން ޖަވާބެއް ނުދިނެއްކަމަކު އޭނާ ގުދުވެލާފައި ރޭޝްމާ ނެގިއެވެ.
“ކައިވެންޏަކީ އެހާ ކުއްލިގޮތަކަށް ކުރެވޭނޭ ކަމެއްނޫން. އެކަމަށް ވަގުތު ބޭނުންވާނެ…” އީތަން ސިޓިންގރޫމު ދޮރުކަނީގައި އަތްވިއްދާލަމުން ރޭޝްމާއަށް ފުރަގަސްދީގެން ހުރެ ބުނެލިއެވެ. އަދި ނުކުންނަން ފިޔަވަޅު އަޅާލިތަނާހެން ދުވެފައި އައި ރޭޝްމާ، އީތަންގެ އަތުގައި ހިފެހެއްޓިއެވެ.
“އީތަން! އީތަން! ހެޔޮނުވާނެ… މައްސަލައެއްނެތް… މައްސަލައެއްނެތް…. އަހަރެންގެ ދަރިފުޅާ އިނދެލާފައި ވަރިކޮށްލަން ވިޔަސް މައްސަލައެއްނެތް…. އޭނާއާ ކައިވެނިކުރޭ…. އަހަރެން ދުވަހަކު ވެސް އީތަންގެ ފަހަތުން ޒޫރިން ދިޔަކަ ނުދޭނަން. އޭނާއަށް ލިބޭ ދަރިފުޅަށް ވެސް އީތަން ދުނިޔޭގައި ހުރިކަމެއް ނާންގާނަން…. އެ ދެމައިންގެ އެއްވެސް އުނދަގުލެއް އީތަންއަކަށް ނުޖެހޭނެ… އެކަމަކު އާދޭސްކޮށްފައި މިބުނީ. މިވަގުތަށް އެކުއްޖާއާ ކައިވެނިކުރަން އެއްބަސްވޭ. އޭގެ ފަހުގައި އީތަން ބޭނުންނަމަ ވަރިކޮށްލާފައި ދާންވީ… އެއްވެސް ޝަކުވާއެއްނެތް… އަހަރެން އީތަން ބޭނުންވަރަކަށް ފައިސާ ވެސް ދީފާނަން…”
ރޭޝްމާގެ ރުއިމުގެ އަޑާއެކު އީތަން އިންތިހާއަށް ކަންބޮޑުވިއެވެ. ރޭޝްމާގެ އަތް އޭނާގެ އަތާ ވަކިކޮށްލުމާއެކު ރޭޝްމާއަށް ބަލަން އީތަން ހުއްޓެވެ.
“ކައިވެނި ތައްޔާރުކުރޭ” ހަމްދަރުދީގެ ނަޒަރަކުން ބަލަން ހުރި އީތަން ބުނެލިއެވެ. އެހިނދު ރޭޝްމާގެ އަނގައިން ނުކުމެގެން ދިޔަ އާހާއެކު މޫނުގެ ބައެއް ދެއަތްތިލައިގެން ތެރޭ ފޮރުވާލިއެވެ. އިތުރަށް އެއްޗެއް ރޭޝްމާ ނުބުނަނީސް އީތަން ނުކުމެގެން ހިނގައްޖެއެވެ.
ސިޑިމަތީ ހުރި ޒޫރިންއަށް އޭރު ރަނގަޅަށް ވެސް ރޮވިއްޖެއެވެ. އެނބުރި ސިޑިން މައްޗަށް އަރަން ދުއްވައިގަތުމާއެކު ހަރުފަތެއްގައި އަޅައިގަނެ ސިޑިމައްޗަށް ވެއްޓުނެވެ. ވެފައި ހުރި ދެރައިން ބުޅާގަނޑެއްހެން ސިޑިން އަރައިގެން ގޮސް ތެދުވެ ދުއްވައިގަތެވެ. އޭނާގެ ކޮޓަރިއަށް އަވަސްއަރުވާލާފައި ވަންގޮތަށް ދޮރުތަޅުލިއެވެ.
އެނދުމައްޗަށް އައިސް ބަންޑުން ވެއްޓުނު ގޮތަށް ބާލީހުގައި ބައްދައިލައި ރޮވެމުން ދިޔަ މޫނު އޭގައި ފޮރުވާލައިފިއެވެ. ރޭޝްމާގެ އާދޭހުގެ އަޑު ޒޫރިންގެ ކަންފަތުގައި މެދު ކެނޑުމެއްނެތި ގުގުމަމުން ދާ ކަހަލައެވެ. ދޭތެރެއަކުން ކަންފަތުގައި އެއްއަތް އަޅާ ފޮރުވާލައެވެ. އަދި ރުއިމުގެ އަޑު ގަދަވެގެން ދެއެވެ.
ދޮރޯޓާ ދިމާއަށް ބަލަހައްޓައިގެން ހުރެފައި ދެއަތުން މޫނު ފޮރުވާލުމާއިއެކު ރޭޝްމާއަށް ވެސް ރޮވެނީއެވެ. ހުރި ދިމާ ތިރީގައި އިށީނދެވުނީ ސިޓިންރޫމު ދޮރުކަނީގައި ލެނގިލައިގެންނެވެ. އެތައް ވަރަކުން ރުއިން ހުއްޓާލެވުނީމާ ވެސް ރޭޝްމާއަށް އިންތަނުން ތެދުވަން ބޭނުންނުވެފައި އިނެވެ. ކުރުކޮށްލެވިފައިވާ ދެފައިގެ ތެރެއިން ކަނާތުފައިގެ ކަކުލުގައި އުޅަންބޮށި ވިދެލައިގެން އަތްތިލަ އިން ނިތްކުރީގައި ހިފަހައްޓާލައިގެން ރޭޝްމާ އިނީ ފިކުރެއްގައެވެ. އެހެން އިންދާ ސޯފާތަކުގެ މެދުގައި ބަހައްޓާފައި ހުރި ކުޑަ ބިއްލޫރި މޭޒުގެ މަތީ އޮތް އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. އެ އަޑަށް ކުޑަކޮށް ސިހިފައި ބަލާލަމުން ތަޅުމުގައި އަތްވިއްދާލާފައި ކޮޅަށް ތެދުވިއެވެ.
“ހެލޯ…” މޮޅިވެރި އަޑަކުން ރޭޝްމާ ފޯނު ނަގާ ބުނެލިއެވެ.
“ކީކޭ އޭނަ ބުނީ” އަނެއްކޮޅުން ވާހަކަދެއްކި ނާޒިލު އަހާލިއެވެ.
“ކައިވެންޏަށް ތައްޔާރުވާށޯ” ހިނގާދިޔަ ހުރިހާކަމެއް ކިޔައިދިނުމުގެ ބަދަލުގައި ރޭޝްމާ ވާހަކަ ކުރުކޮށްލިއެވެ.
“އެހެންތަ؟ ކައިވެނި ފޯމެއް ހިފައިގެން އަހަރެން ދާނަން މިރޭ. މާދަމާ އޭނާ ފުރަންޖެހޭ ބައިތައް ފޯމުގައި ފުރާލާފައި ލާނީ. އޭރުން ދެން ވެސް އަވަސްވާނީ. ކޮބާ ރީން… އޭނަ ރަނގަޅުތަ؟”
“ރީން ވެއްޖެ ކޮޓަރީގައި. މިދަނީ އޭނަ ގާތަށް. އިހަށް ބާއްވަނީ. މިރޭ އަންނާނަމެއްނު” ރޭޝްމާ މިހެން ބުނުމުން ނާޒިލު ވެސް އިތުރު ވާހަކައެއް ނުދައްކާ ފޯނުކޯލު ކަނޑާލިއެވެ.
އަރިއަށް އޮށޯވެލައިގެން އޮތް ޒޫރިންގެ ނަޒަރު ވަނީ އަތުގައި އޮތް ފޯނަށް ހުއްޓިފައެވެ. ލޮލުން ކަރުނަހިކިފައި ވިޔަސް އެ މޫނުމަތީގައިވާ މާޔޫސްކަން ފިލައިގެން ނުދެއެވެ. އީތަންއާއެކު އެ ކޮޓަރީގައި ނަގާފައިވާ ފޮޓޯއަކަށް ނަޒަރު ހުއްޓާލައިގެން ޒޫރިން އޮތްއިރު އޭނާގެ އަމިއްލަ ހިތާ އެތައް ސުވާލެއް ކުރަމުން ދިޔައެވެ. އީތަންގެ ޢަމަލުތަކުން އޭނާ ޒޫރިންދެކެ ލޯބިވާކަމަށް ޤަބޫލުކުރެވުމަކީ ޒޫރިންއަށް ހެދުނު ގޯހެއްބާއެވެ. ލޯބިވާ މީހަކުނަމަ މިފަދަ ވަގުތެއްގައި އޭނާގެ ލޯބިވެރިޔާ ހުރިހާ ކަމަކަށް ކުރިމަތި ލުމަށް ދޫކޮށެއްނުލާނެއެވެ. ކައިވެންޏަށް ވަގުތުން އެއްބަސްވާނެއެވެ. އީތަންގެ ހިތުގައިވާ އެއްޗެއް އެނގެން ޒޫރިން ބޭނުންވިޔަސް އޭނާ ޒޫރިންއަށް ޖަވާބެއްދޭން ބޭނުމެއްނޫނެވެ. ޒޫރިން ގުޅިޔަސް ފޯނެއް ނުނަގައެވެ. މެސެޖު ކުރުމުން ވެސް ޖަވާބެއް ނާދެއެވެ. މުޅިން ޒޫރިންއާ ގުޅުން ކަނޑާލަން އީތަން ބޭނުންވާ ކަހަލައެވެ. ޒޫރިންއަށް ނުވިސްނިގެން އުޅެނީ އެއީ ކީއްވެކަމެވެ.
“ޕްލީޒް އީތަން… ކީއްވެތަ މިހާރު ތިހެން ކަންތައް ތިކުރަނީ. އަހަރެންގެ މަންމަ އީތަންގެ ފައިބުޑަށްވެއްޓި ސަލާންޖަހަން ދޫކޮށްލީ ކީއްވެތަ. ކުޑަކޮށް ވެސް އަހަރެންދެކެ ލޯބިނުވަނީތަ؟ ދެން ކީއްވެ އަހަރެންގެ ގާތަށް އައީ… ކީއްވެ ނުބުނެވުނީ ލޯއްބެއްނުވެޔޭ… އަހަރެން ހީކުރީ އީތަން އައިސް ހުރިހާ ކަމެއް ރަނގަޅުކޮށްދޭނެކަމަށް. ކައިވެނިކުރަން ނިންމީ އީތަން ބޭނުންވެގެންކަމެއް ނޫނީ މަންމަގެ އާދޭހާ ހެދިކަމެއް އަހަންނަކަށް ނޭނގުނު. ޕްލީޒް އީތަން… އެންމެ ފަހަރަކަށް ވިޔަސް އަހަރެންގެ ފޯނުކޯލަށް ޖަވާބެއް ދީބަލަ… ތި ހިތުގައިވާ އެއްޗެއް ހަޤީޤަތަށް ކިޔައިދީބަލަ” ޒޫރިންގެ އަޑުއަހާނޭ މީހަކު އޭނާ ހެއްދެވި ފަރާތްނޫނީ ނެތެވެ. ފޯނުން ފެންނަމުން ދިޔަ ފޮޓޯގަނޑާ ވާހަކަދައްކާއިރު އެ ފޮޓޯގައިވާ އީތަން ވާހަކަނުދައްކާނޭކަން ވެސް ޒޫރިންއަށް އެނގެއެވެ. އެހެންނަމަވެސް އޭނާ ވަނީ ވަރަށް ބޮޑަށް މާޔޫސްވެ ގޮތް ހުސްވެފައެވެ.
ރޭޝްމާ އައިސް ޒޫރިންގެ ކޮޓަރީގެ ދޮރުގައި ހިފާލިއިރު ތަޅުލާފައި ހުރުމުން ކަންބޮޑުވާގޮތްވިއެވެ. ދެތިން ފަހަރު ކޮޓަރީގައި ޓަކިދެމުން ޒޫރިންއަށް ގޮވާލިއެވެ. ނަމަވެސް ޚަބަރެއް ނުވުމުން ދުވެފައި ކޮޓަރިއަށް ގޮސް ތަޅުދަނޑިފަތި ހިފައިގެން އައިސް އަވަސްއަވަހަށް ދޮރު ހުޅުވާލިއެވެ. ކޮޓަރިތެރެއަށް އެޅި ފިޔަވަޅާއެކު ރޭޝްމާއަށް ހުއްޓެވުނެވެ. ނިދާލާފައި އޮތް ޒޫރިން ފެނިފައެވެ. ހުޅުވިފައި އޮތް އަތްތިލައިގެ ތެރެއިން ވެއްޓެން ކައިރިވެފައި އޮތް ފޯނު ނެގުމަށް ރޭޝްމާ އައެވެ. އިރުކޮޅަކު ދަރިފުޅުގެ މޫނަށް ބަލަހައްޓައިގެން ރޭޝްމާ ހުރުމަށްފަހު ޒޫރިންގެ ފޯނު ނަގާ ބަލާލިއެވެ. ހުޅުވިގެން ދިޔަ އިސްކުރީނުގައި ޒޫރިންގެ ކޮލުގައި އީތަން ބޮސްދެނިކޮށް ނަގާފައިވާ ފޮޓޯއެއް ފެނުނެވެ. އެހިނދު އެ ފޮޓޯއިން ފެންނަން ހުރި ޒޫރިންގެ ލޮލުގައިވާ އާދަޔާ ޚިލާފު ވިދުމާއި ތުންފަތުގައިވާ ހިނިތުންވުމުގައި ރޭޝްމާ އަޅައިގަތެވެ. ޒޫރިންގެ އުފާވެރިކަމަކީ އީތަންކަން ނަގައިގަންނަން ރޭޝްމާއަށް ސުކުންތެއް ވެސް ނުނެގިއެވެ. ނަމަވެސް ދަރިފުޅަށް ބަލާލެވުނީ ހަމްދަރުދީގެ ނަޒަރަކުންނެވެ. އީތަންގެ ސަބަބުން ޒޫރިންގެ ހިތުގައި ޖެހެން ރޭޝްމާ ބޭނުންނުވަނީއެވެ. އެނދުގެ އަރިމަތީ މޭޒުގައި މަޑުމަޑުން ފޯނު ބޭއްވުމަށްފަހު ރޭޝްމާ އެ ކޮޓަރިން ނުކުތެވެ.
ނާޒިލު އާއި ރޭޝްމާ ޓެރެސްގައި ވާހަކަދައްކަން ތިބިއިރު އެމީހުންގެ ކައިރީ ބަހައްޓާފައި ހުރި ކުޑަމޭޒެއްގެ މަތީ ނާޒިލު ގެނައި ކައިވެނި ފޯމު އޮތެވެ. ޒޫރިންގެ ފަރާތުން ފުރަންޖެހޭ މަޢުލޫމާތުތައް ފުރުމާމެދު ނާޒިލު ވާހަކަދެއްކީ ރޭޝްމާއާއެވެ.
“މިކަން އެހާ ފަސޭހައެއްނުވާނެ. ރީންގެ މަންމައެއް ބައްފައެއް ވެސް ނޭނގެ. ރޭޝްއަކީ އޭނާގެ ބެލެނިވެރިޔާ. ކުޑަކުދިންގެ ހިޔާއިން އަހަރުމެން ރީން ގެނައި އިރު ހުރި ހުރިހާ ލިޔުމެއް ބޭނުންވާނެ…”
“ނާޒިލު، ހަޤީޤަތުގައި ވެސް އަހަރެން ވަރަށް ވަރަށް ދެރަވެއްޖެ. ރީންއަކީ ކާކުގެ ދަރިއެއްކަމެއް ނޭނގޭއިރު އަހަރެން އެކުއްޖާ ގެނައީ ރަނގަޅު ދިރިއުޅުމެއް ހޯދައިދޭން. އެކަމަކު މިއަދު އަހަންނަށް އެކަމުގައި އިހުމާލުވެވިއްޖެ…”
“ރޭޝްއަށް އެނގިގެން ވީކަމެއް ނޫނެއްނުމީ. އީތަންގެ މައްސަލަ ހުރިހާ ވެސް މައްސަލައަކީ. އޭނާ ރީން ހޯދަން މިގެއަށް އަންނަންފެށީމަ. އެނާ ރީންއާއެކު އެހެން އުޅުނީމަ… ރޭޝް. އަހަންނަށް ފެންނަ ވާހަކައެއް ބުނަންތަ؟ އީތަން ކައިވެންޏަށް އެއްބަސްނުވިނަމަ ކިހިނެއް ހަދަން ނިންމައިގެން ހުރީ؟ ރީން ގޮވައިގެން ގޮސް އެބޯޝަން ހަދަންތަ؟ އޭރުން މިހާރު ވެސް މިކަމުން ސަލާމަތްވީ. ރީންއަށް ވެސް އެނގޭނެ ދެން ބަލައިގެން އުޅެން. އެކަހަލަ ގުޅުމެއް ކައިވެނިން ބޭރުގައި ނުހިންގުމަށް ރޭޝްއަށް ނަޞޭޙަތްތެރި ވެވޭނެއެއްނު. އަދި ރޭޝް ބޭނުންވާ ކަހަލަ ދިރިއުޅުމެއް ރީންއަށް ހޯދައިދެވޭނެ”
“ނޫން! އަހަރެން ބޭނުންނަމަ ރީން ބަނޑުބޮޑުކަން އެނގުނު ދުވަހު ފުރަން ހަމަޖެއްސުނީސް. އެކަމަކު އެ ވާހަކަ ނުދައްކަން މިހުންނަނީ… އަހަންނަކީ ކޮންކަހަލަ މަންމައަކަށް ވާނީ އޭރުން. ރީން ބަލިވެއިނީ ނަހަލާލަށްކަން އެނގޭއިރު އެއަށްވުރެ ބޮޑު ފާފައެއް އެކުއްޖާލައްވާ ކުރުވަންވީތަ؟ އޭރުން އަހަރެން ރީންއަށް ދޭން ބޭނުންވާ ތަރުބިއްޔަތަށްވާނީ ކިހިނެއް؟ އޭނާއަށް ކުރެވުނީ ކުށެއްކަން އިހުސާސްވާނޭތަ؟ ޚުދު އަހަރެން ވެސް ބޭނުންވަނީ މި ނުބައިކަންތައްތަކުން ސަލާމަތްވާން. އެހެންބޭނުންވާއިރު ރީން ލައްވާ ފާފައެއްގެ މައްޗަށް ފާފައެއް ކުރުވަން އަހަރެން ބާރެއްނާޅާނަން”
“ރޭޝްގެ ދުލުން ތިހެން ބުނެލިޔަސް އެހެންމީހުންގެ ދޫތަކުން ރީންއަށް އެއްޗެހި ކިޔާ އަޑުއަހަން ރޭޝްއަށް ކެތްވާނެތަ” ނާޒިލުގެ ބޭނުމަކީ ރޭޝްމާއަށް ނުބައިކަމެއް ކުރުމަށް ގޮވާލުމެއްނޫނެވެ. އޭނާއަށް ވަގުތީ ހައްލެއް ހޯދައިދިނުމެވެ. ހަމައެއާއެކު ރޭޝްމާ ދައްކާ ވާހަކަތައް ވެސް ނާޒިލަށް ޤަބޫލުކުރެވެއެވެ.
“ޖެހޭނީ ކެތްކުރަން… ރީން ވެސް ޖެހޭނީ އެ ހުރިހާ ކަމަކަށް ކެތްތެރިވާން. ރަނގަޅުގޮތް ޚިޔާރުކުރުމުން ހިތަށް އެ ލިބޭ ހިތްހަމަޖެހުމެއް ބަޔަކު ކިޔާހާ އެއްޗަކުން ފިލައިގެން ނުދާނެ. އަހަރެންގެ ދަރިފުޅަށް ހިތްވަރުދޭން އޭނާއަށް އަހަރެން ފުދޭ… މިހިސާބަށް އަހަންނަށް އާދެވުނީ ވަރަށް މަސައްކަތުން. އެނބުރި އަނދިރިކަމުގެ ތެރެއަށް ދާކަށް ބޭނުމެއްނޫން. އެކަމަކު އެބައޮތް އެއްކަންތަ. މި ފޯމުގައި އީތަން ފުރަންޖެހޭ ބައިތައް ކުރިން ފުރަން އަހަރެން ބޭނުންވަނީ. އަހަންނަށް އީތަންއަކަށް އިތުބާރެއްނުކުރެވޭ. އޭނާއަށް ރީންގެ ހަޤީޤަތް އެނގޭކަން ބޭނުމެއްނޫން”
“މައްސަލައެއްނެތް. އެކަމަކު ތަހުސީނު. އޭނާއަށް ކައިވެންޏަކަށް ދަޢުވަތެއްނުދޭނަންތަ”
“މިރޭ އޭނާއަށް ގުޅާފައި ބުނާނަން މިއުޅެނީ ރީންގެ ކައިވެނިކުރާށޭ. އަހަރެން ވެސް ބޭނުން އޭނާއަށް ހުރިހާ ވާހަކައެއް ކިޔައިދޭން. އެކަމަކު ރީންގެ ކައިވެންޏަށްފަހު” ރޭޝްމާ ބުނެލިއެވެ.
ކުރިއަށް އޮތީ ހަފްތާ ބަންދަށްވެފައި އޭގެ ކުރިން ކައިވެނި ފޯމު ލުމަށް ނާޒިލު އާއި ރޭޝްމާ ބޭނުންވިއެވެ. އެހެންވެ އީތަންއަށް ގުޅައިގެން އެކަންކުރިއަށް ގެންދިޔައެވެ. ނަމަވެސް ކައިވެނި ފޯމު ފުރިކަން އެކަކަށް ވެސް އެނގޭކަށް އީތަން ބޭނުމެއްނުވިއެވެ. އެހެންވެ އެކަން އިހަށް ސިއްރުކުރުމަށް ރޭޝްމާގެ ގާތުން އީތަން އެދުނެވެ.
ރޭޝްމާގެ ފަރާތުން ޒޫރިންގެ ކައިވެނި ކުރެވެން އުޅޭކަން ތަހުސީނަށް އެނގުމުން އޭނާއަށް ޤަބޫލެއް ވެސް ނުކުރެވުނެވެ. ކުއްލިގޮތަކަށް ޒޫރިންގެ ކައިވެނީގެ ވާހަކަ އަޑުއިވުމުން ލިބުނު ހައިރާންކަމާއެކު ސިކުނޑީގައި އުފެދުނު ސުވާލުތައް ވެސް ގިނަވިއެވެ. ރޭޝްމާ ކޮންމެވެސް ކަމެއް ސިއްރުކުރާކަން ތަހުސީނަށް އެނގެއެވެ. އޭނާގެ އަމިއްލަ ހަޔާތުން ދުވަސްތަކެއް މާޒީގެ ތެރެއިން ނިއުޅިގަތެވެ. އެ މާޒީގެ ތަޖުރިބާއާއެކު ތަހުސީނަށް ވިސްނާލެވުނެވެ. އެހެންނަމަވެސް ރޭޝްމާގެ ގާތުގައި އޭނާއަށް ހީވާ ހީވުމެއްގެ މައްޗަށް ސުވާލުކުރަން ބޭނުންނުވީއެވެ. ޒޫރިންގެ ކައިވެންޏަށް ބޭނުންވާނޭ ގަހަނާއެއްވިއްޔާ ގެނައީ ތަހުސީނުގެ ޚަރަދުގައެވެ. އޭނާއަށް ވެވެން އޮތް ގޮތަކުން އެހީވާން ހުރީ ތައްޔާރަށެވެ.
ޖަޒްލާގެ ގާތަށް އީތަން ދިޔައެއްކަމަކު އޭނާ ވިސްނުމެއްގައި ހުންނަ ވަގުތުތައް ގިނައެވެ. ބަސްމަދުވެފައި އީތަން ހުންނާތީ އެކަމާ ޖަޒްލާ ސުވާލުކުރެއެވެ. ޖަވާބަކަށްވަނީ ކައިވެނި ކުރެވެން އުޅޭތީވެ އެކަމާ ވިސްނެނީ ކަމުގައެވެ. އެކުގައި ދެ ދުވަސް ހޭދަކޮށްފައި މާލެ އައިއިރު ޖަޒްލާ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. މީގެ ކުރިން އެ ދެމެދުގައި ޖެހިފައިވާ ހުރިހާ މައްސަލައެއްގެ މަތިން ހަނދާންނެތިފައެވެ. ދެ މީހުން އެކުގައި ދިރިއުޅުމެއް ފަށަން އުޅޭތީވެ އެކަމުގެ ފޮނި ހުވަފެންތައް ދުށުމާއިއެކު އެ ދުވަހަށް އިންތިޒާރު ކޮށްކޮށެވެ.
ޖަޒްލާ ގެއަށް ލާފައި އީތަންއަށް ގެއަށް އާދެވުނީ މެންދުރުފަހުގެ ވަގުތެއްގައެވެ. ސިޓިންގރޫމަށް ވަދެވުނު އިރު އެތަނުގައި ޖަޒްލާގެ ބޭބެ ޖަލާލް އިނެވެ. އޭނާއާއެކު އައިދަން އާއި މާމަ ރާބިއާ ވެސް އިނެވެ. ކޮނޑުގައި އޮތް ދަބަހާއެކު އެތެރެއަށް ވަން އީތަން ފެނުމުން އެންމެންގެ މޫނުމަތިން ހިނިތުންވުމެއް ފާޅުވެގެން ދިޔައެވެ. އެއާއެކު ހައިރާންވެފައި އެންމެންގެ މޫނަށް އީތަން ބަލާލިއެވެ. އެވަގުތު ރާބިއާ ވާހަކަދެއްކިއެވެ.
“ތި ދަބަސް ބަހައްޓާލާފައި އާދެބަލަ މާމަ ގާތަށް”
“ކިހިނެއްތޯވީ މާމާ؟ އަޅުގަނޑު ފެންވަރާލައިގެން އައީވިއްޔާ ލަސްވާނެތޯ” އަދިވެސް ހައިރާންވެފައި ހުރެ ވަކިވަކިން އެތަނުގައި ތިބި މީހުންގެ މޫނަށް ބަލަމުން އީތަން ބުނެލިއެވެ.
“ލަސްނުވެ އަންނައްޗޭ” ރާބިއާ ބުނެލިއެވެ. އެއާއެކު އީތަން އޭނާގެ ކޮޓަރިއަށް ހިނގައިގަތެވެ.
“މާމަ ތިއުޅުއްވަނީ ކޮއްކޮ ގާތު ހުރިހާ ވާހަކައެއް ބުނަންތޯ؟ އޭރުން ކުރި ހުރިހާ ޕްލޭންތަކަށްވާނީ ކިހިނެއްތޯ؟” އައިދަން އިނދެފައި މިހެން ބުނި އަޑު ކޮޓަރިއަށް ވަންނަން ދިޔަ އީތަންއަށް އިވުނެވެ. އިތުރަށް ސިކުނޑި މަސައްކަތްކުރަންފެށީ ދެނެވެ. އީތަންގެ ބޭބެ އެ ބުނި އެއްޗަކާމެދު ވިސްނަން ފެށުނެވެ.
ފެންވަރާލައި ރީތިވެލައިގެން އީތަން ސިޓިންގރޫމަށް ނުކުންއިރު ވެސް ޖަލާލު އާއި އައިދަންގެ އިތުރުން ރާބިއާ ތިއްބިގޮތަށް ތިބިއެވެ. އީތަން އަންނަނިކޮށް އެތަނަށް އިތުރުވީ އޭނާގެ މަންމަ ހަމްރާއެވެ.
“އީތަން. ކޮންއިރަކު އައީ. ކޮބާ ޖަޒްލާ…” ހިނިއައިސްފައި ހުރެ ހަމްރާ އަހާލިއެވެ. އަދި ސޯފާގައި އިށީންނަން ދިޔަ އީތަންއާއެކު އޭނާ ވެސް އައިސް އިށީނެވެ.
“އިރުކޮޅެއްވެއްޖެ އައީތާ. ޖޭޒްވާނީ ގޭގައެއްނު…” ލާނެތް ހިންޏެއް އައިސްފައި އިން އައިދަންއަށް ބަލަން އިނދެ އީތަން ބުނެލިއެވެ.
“އޯކޭ މާމާ. ދެން އަޅުގަނޑުމެން ގޮސްލަނީ…” ނިކަން ބޮޑަށް ހިނިއައިސްފައި ހުރެ އައިދަން ބުނެލިއެވެ. އަދި ޖަލާލުގެ ކޮނޑުގައި ޖަހާލާފައި ދެ ޒުވާނުން އެކުގައި ސިޓިންގރޫމުން ނުކުންނަން ދިޔައެވެ.
“ދަރިފުޅާ. ވާހަކައެއް ބުނަންވެގެން މިގެނައީ. މާމަ ދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާފައި ދަރިފުޅު ޖަވާބެއް ދޭންވާނެ. އީތަން… ޖަޒްލާގެ ޢާއިލާއިން ބޭނުންވަނީ ތި ދެކުދިންގެ ކައިވެނި ވީހާ ވެސް އަވަހަކަށް ކުރުމަށް. މާމައަށް އެނގިފައި އޮތްގޮތުގައި މިހާރު ތި ދެކުދިންގެ މެދުގައި ވެސް ކައިވެނީގެ ވާހަކަދެކެވިފައިވަނީ. އީތަންއަށް ޖަޒްލާ ކަމުދާތީ މިހާ ދުވަހަކު ދެ ކުދިން އެކުގައި ތިއުޅުނީ. އެހެންވީމަ މާމައަށް ވެސް ފެންނަނީ ދެން އިތުރަށް ލަސްނުކޮށް ޖަޒްލާއާ ކައިވެނިކުރަން. މީ މާމައަށް ފެންނަގޮތް… އެކަމަކު އީތަން ނިންމާ ކޮންމެ ނިންމުމަކަށް މާމަ ޤަދަރުކުރާނަން. އަޅެ ބުނެބަލަ… މި ކައިވެންޏައިގެން ކުރިއަށް ދާންވީތަ؟” ރާބިއާގެ ވާހަކަތައް އަޑުއަހަން އީތަން އިނީ އިސްޖަހާލައިގެންނެވެ. އޭނާގެ މޫނުމައްޗަށް އަރާ ފައިބަމުންދާ ކުލަތަކެއް އެކަކަށް ވެސް ނުފެނެއެވެ.
“ދަރިފުޅާއޭ މާމަ އެ ވާހަކަދެއްކީ. ކީއްވެ އެއްޗެއް ނުބުނެ ތި އިންނަނީ” އީތަން ހިމޭންވެފައި އިންނަންފެށުމުން ހަމްރާ ބުނެލިއެވެ.
“ބައްޕައަށް ވެސް އެނގިލައްވާތޯ… ކޮންއިރަކުތޯ އެނގުނީ” އީތަން ސުވާލުކޮށްލިއެވެ.
“ޖަޒްލާގެ ބައްޕަ ދިން ދައުވަތަކަށް އެގެއަށް ދިއުމުން އެ ވާހަކަދެއްކީ. ޖަޒްލާ އާއި އީތަން ކައިވެނި ކުރަން ބޭނުންވާތީ ކާމިލުމެން އެކަން އަވަސްކުރަން ބޭނުންވަނީ. އެކަމުގައި މަންމަމެންގެ މައްސަލައެއް އެބައޮތްތޯ އަހާލީ. ދަރިފުޅުމެން ކައިވެނިކުރަން ތިބިއްޔާ މަންމަމެންނަށް މައްސަލައެއްނެތް. އެހެންވިޔަސް މާމަ ބޭނުންވެލެއްވީ ދަރިފުޅުގެ ގާތުގައި އަހާލާފައި މި ކައިވެނީގެ ކަންތައްކުރިއަށް ގެންދަން…. ބައްޕަ ވެސް ހިތްހަމަޖެހިލައްވާފައި ހުރީ ދަރިފުޅުމެން ކައިވެނިކުރަން އުޅޭތީވެ” ހަމްރާ ދައްކަމުން ދިޔަ ވާހަކަތައް އީތަން އަޑުއަހަން އިނެވެ. ދޭންވީ ކޮންޖަވާބެއްކަމެއް ނޭނގި އިނދެއެވެ. އެހާ އަވަހަށް ޢާއިލާއަށް ކައިވެނިކުރަން އުޅޭ ކަމުގެ ޚަބަރު ލިބުމުން ކުޑަކޮށް ޖަޒްލާދެކެ ހިތްހަމަނުޖެހެވުނެވެ.
“އީތަން ވާހަކައެއް ބުނަން އޮތީތަ؟” އީތަން ފާޑަކަށް ހިމޭންވެފައި އިންނާތީވެ ރާބިއާ ސުވާލުކޮށްލުމާއެކު ނިކަން ފަސޭހައިން ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް އީތަން ބޯހޫރާލިއެވެ.
“މާމަ އާއި މަންމައަށް ފެންނަގޮތެއް އަޅުގަނޑަށް އެންމެ ރަނގަޅު” މަޑުމަޑުން އީތަން ބުނެލިއެވެ.
ވަގުތާއި ހާލަތަށް ބަލާއިރު އީތަންއަށް ދެވުނީ އެންމެ އެދެވޭ ޖަވާބު ނޫންކަމުގައި އޭނާއަށް ޤަބޫލުކުރެވެއެވެ. އެހެންނަމަވެސް ބޭނުމަކަށްވީ އޮޅުންބޮޅުންވެފައިވާ އޭނާގެ ދިރިއުޅުމާ މެދު ވިސްނާ ހުރިހާ ކަމެއް ހަމައަކަށް އެޅުވުމެވެ. ޒޫރިންއާ ކައިވެނިކުރަން ރޭޝްމާގެ ގާތުގައި އެއްބަސްވިތާ ގިނަދުވަހެއް ނުވަނީސް ޖަޒްލާއާ ކައިވެނިކުރަން ޖެހުނީއެވެ. ހަޤީޤަތަކީ ކައިވެންޏަކާ ހަމައަށް ދިއުމަށް އީތަން މީގެ ކުރިން ހަމައެކަނި ވިސްނާފައި އޮތީ ޖަޒްލާއާއެކުގައި އެކަންޏެވެ. ޒޫރިންގެ ވާހަކަ މައިންބަފައިންނަށް ކިޔައިދޭނީ ކިހިނެއްކަމެއް އީތަންއަށް އެއްގޮތަކަށް ވެސް ނޭނގެއެވެ. ދެ ކައިވެނި ބޯމަތިވެފައި އޮތް އިރު އީތަން ވިސްނާ ވިސްނާ ހަލާކުވަނީއެވެ. ހަދާނޭގޮތެއް ނޭނގިގެންނެވެ. ކައިވެންޏަކީ ސިއްރުކުރެވެނޭ އެއްޗެއް ނޫނެވެ. އެހެންނަމަވެސް އީތަންއަށް ޒޫރިންއާ އިންނަން އުޅޭ ވާހަކަ އެކަކު ގާތުގައި ވެސް ބުނާކަށް ނުކުރޭނެއެވެ. ޢާއިލާ މީހުން ޖަޒްލާ އާއި އީތަންގެ ކައިވެނީގެ ވާހަކަ ދައްކަނިކޮށް އެހެން އަންހެންކުއްޖާ އިންނަން އުޅޭ ވާހަކަ ބުނާނީ ފަހެ ކޮންދުލަކުން ހެއްޔެވެ.
ރާބިއާ އާއި ހަމްރާއަށް އެމީހުން ބޭނުންވި ޖަވާބު ލިބުމުން ތިބީ ހިތްހަމަޖެހިފައެވެ. އީތަން އަވަސް އަވަހަށް އެމީހުންގެ ކައިރިން ދުރަށް ދިއުމުގެ ހުއްދަ ހޯދައިގެން އެނބުރި ކޮޓަރިއަށް އައިސް ވަނެވެ.
އެނދުގައި އިށީނދެވުނު ގޮތަށް އީތަންއަށް އޭނާގެ ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ. ހަށިގަނޑުގެ ވަރުދޫކޮށްލުމާއިއެކު އެނދުމައްޗަށް އުއްޑުންވެއްޓިގަތީ ފައިކޮޅު އެނދުން ތިރިއަށް އެލުވާލައިގެންނެވެ. ހާސްކަމުގެ ތެރޭގައި އީތަންވަނިކޮށް އޭނާގެ ފޯނު ވައިބްރޭޓުވާކަމުގެ އިހުސާސް ކުރެވިގެން ޖިންސުގެ ޖީބުގައި އޮތް ފޯނު ނަގާ ބަލާލިއެވެ.
“ކީކޭ ޝޯން…” ފޯނު ނަގާ ކަންފަތުގައި ޖަހާލި ގޮތަށް އީތަން ބުނެލިއެވެ.
‘ކޮންތާކު؟ މާލެ އައީތަ؟ ހިނގާބަލަ ދިމާވާން… ދަންތަ ބަލާ” ޝައުން ބުނެލިއެވެ.
“ގޭގައި… އޯކޭ އަޔަސް…” އީތަން ބުނެލިއެވެ.
ގިނައިރެއްނުވެ ޝައުން އައިސް ގުޅުމާއެކު އީތަން ދެއަތުން އިސްތަށިގަނޑު ރަނގަޅުކޮށްލާފައި ކޮޓަރިން ނުކުތީ ޝައުންއާ ބައްދަލުކުރާށެވެ. ގޭގެ ދޮރޯށި ހުޅުވާލާފައި ބޭރަށް ނުކުތްއިރު ކާރުގައި ޝައުން އިނެވެ. އީތަން ފެނުމުން އަވަހަށް އައުމަށް އަތުން އިޝާރާތްކޮށްލައިފިއެވެ.
“ބްރޯ… ކިހިނެއްވެފައި ތިހުންނަނީ؟ އަދިވެސް އޯކޭ ނުވަނީތަ؟” އީތަން ކާރަށް އެރުމުން ޝައުން ވާހަކަދައްކަން ފެށިއެވެ. އަދި ކާރު ދުއްވާލީ އެމީހުން އާންމުކޮށް ކޮފީއަށް އަރާ ތިބޭ ރެސްޓޯރެންޓަށް ދިއުމަށެވެ.
“ޖޭޒްގެ މަންމަމެންނަށް މެރީ ކުރާކަން އެނގިގެން އަހަރެންގެ ޢާއިލާއަށް ވެސް އެކަން އަންގައިފި. އަހަރެން މުޅިން ބޯގޮވައިފި. ކުރިން ކައިވެނި ކުރަން ބޭނުންވިޔަސް މިހާރު ބޭނުންވަނީ އަދި މަޑުކުރަން” ކާރުގެ ދޮރުފަތުގައި އަތްއަޅުވާލައިގެން ބިއްލޫރިގަނޑުން ބޭރު ބަލަމުން އީތަން ވާހަކަދެއްކިއެވެ.
“ޖޭޒްއާ ހެދި މޮޔަވެގެންނެއް ނޫންތަ މިއޮއްހާ ދުވަހު އުޅުނީ. އޭނާއާއެކު ލައިފެއް ފަށަން ބޭނުންވާކަން އީތަން އަބަދުކިޔާނެ. ދެން ކީއްވެ މިހާރު ބޭނުންނުވަނީ… އަނެއްކާ… ތި ޖެއްސި އަންހެންކުއްޖާ ބަނޑުބޮޑުވީމަތަ. މިހާރު ބުނެފީމެއްނު އެކަންދެން ހަނދާންނައްތާލިއްޔާއޭ އެންމެ ރަނގަޅުވާނީ. އެހެންނޫނަސް ރަނގަޅު ގެއެއްގެ ކުއްޖެއްނަމަތާ އީތަން ތިހާ ހާސްވެގެން އުޅެންޖެހޭނީ. އެއީ ހެދުނު މިސްޓޭކެއްކަމަށް ހީކޮށްލާފައި ފޮގެޓްއިޓް”
“ޝޯން. އެހެން ހަދަން އަހަންނަށް ނުކެރިގެންނު މިއުޅެނީ” އީތަން ކުއްލިއަކަށް ޝައުންއާ ދިމާއަށް މޫނު އަނބުރާލާފައި ބަލާލިއެވެ.
“ވަޓްސް ދަ ބިގް ޑީލް. އަހަންނަށް ވެސް އެނގޭ އެ އަންހެންކުއްޖާއަށް އިންސާފެއް ނޫންކަން އެއީ. އެހެންވިޔަސް އެ ނޫންގޮތެއްނެތް. އީތަންގެ ބައްޕައަކީ ކިހާ ސްޓްރިކްޓް މީހެއްކަން އެނގޭނެ. ތި ފެމެލީ އެކަކު ވެސް ޤަބޫލެއްނުވާނެ އަނެއްކޮޅުން އީތަން ތިގޭން ބޭރުކޮށްލާކަށް ވެސް އީތަންގެ ބައްޕަ ފަހެއްނުޖެހޭނެ. ދެން ވިސްނާލަބަލަ… މިހާރު ތިބުނީ ޖޭޒް ކައިވެނިކުރަން ބޭނުންވާ ވާހަކަ. ދެ ފަރާތުގެ ޢާއިލާ ތި ދެމީހުންގެ ކައިވެންޏާމެދު މަޝްވަރާކުރަމުން ދަނިކޮށް އީތަން އެހެން އަންހެންކުއްޖެއް ގާތަށް ގޮސްގެން އޭނާ ބަނޑުވެގެން އިންނަންށޭ ބޭނުންވަނީ ބުނެފިއްޔާ ދެ ޢާއިލާއަށް ވާނީ ކިހިނެއް. އެ އަންހެންކުއްޖާއަށް ވިސްނައިދޭންވީނު ބޭބީ އެބޯޓުކޮށްލަން. އީތަންއަށް އޭނާއަށް ކޮށްދެވޭނެ އެއްވެސްކަމެއްނެތްކަން ބުނެދީފަ ބުނޭ އެންމެ ރަނގަޅުވާނީ އެކަމުން ސަލާމަތްވިއްޔާއޭ. އޭރުން އޭނާ ވެސް ލަދެއްގައި ނުބެދި ސަލާމަތްވާނެ އެއްނު”
“ރީން ކައިރިން ސަލާމަތްނުވެވިގެންނެއް އަހަންނެއް ނޫޅެމޭ… ބޭނުންހިފާނެ ވަރަކަށް ބޭނުންހިފާފައި އެއްލާލާކަށް އެއީ ކުޅޭކުޅޭ ބުދެއްނޫނޭ. އަހަރެން މިވަރަށް ހާސްވެ ކަންބޮޑުވާއިރު ރީން އަދި ކިހާ ހާސްވާނެ. އޭނާ އެއީ އަންހެންކުއްޖެއް. އަހަންނަކީ މާ ރަނގަޅަށް އުޅޭ މީހަކަށް ނުވިޔަސް އަހަންނަށް ވެސް އެނގޭ ބޭބީ އެބޯޓުކޮށްލުމަކީ ފާފައެއްކަން. ހުރިހާ ނުބައިކަމެއްކޮށްފައި ރީން ކައިރީ ބުނަންވީތަ އަދި އިތުރު ފާފައެއް ވެސް ކުރާށޭ. އޭރުން އަހަރެންވާނީ ކޮންކަހަލަ ފިރިހެނަކަށް. އެގެއަށް ނުދެވުނުނަމައޭ ހިތަށް އަރާ. އޭރުން ރީންއަކާ ވެސް ދިމައެއްނުވީސް… އަހަންނަށް އޭނާގެ ގާތަށް އެކަހަލަކަމެއް ކުރާން ނުވެސް ދެވޭނެ…”
“ދެން ތިބުނަނީ އަހަރެންގެ ސަބަބުންނޭތަ ތިކަމެއް ހިނގީ. އަހަރެން އީތަން ގެންދިޔައީ ތި ރީންއަކާއެކު ކަމެއްކުރާކަށްނޫން. އެރޭ އަހަރެން ބުނިގޮތަށް އީތަން ކަންތައްކުރިނަމަ ތިކަމެއް ނުވީހެއްނު”
ދެ ރަޙުމަތްތެރިން ދެ ބަސްވާންޖެހިދާނެކަމަށް ޝައުން ހިޔެއްނުކުރެއެވެ. އީތަންގެ ވާހަކަތަކުގައި ކޮންމެވެސް ވަރެއްގެ ހަޤީޤަތެއް ވާކަން ޚުދު ޝައުންއަށް ޤަބޫލުކުރެވެއެވެ. އެކުވެރިޔާއަށް ނުބައިމަގުން ދިއުމަށް ގޮވާލީ އޭނާއެވެ. އެފަދަ ކަންކަމަށް ހިތްވަރުދެނީ ވެސް ޚުދު ޝައުންއެވެ. އީތަންއަކީ އެ ފަދަ ޢަމަލުތައް ކުރުމަށް އާދެވެފައިވާ ޒުވާނެއްނޫނެވެ. އެހެންވީމާ އޭނާ ވިސްނާނެވަރު ޝައުންއަށް އެނގެއެވެ. އިތުރަށް އެއްޗެއް ނުބުނެ ޝައުން ހިމޭންކަން ޚިޔާރުކުރީ އެހެންވެއެވެ. އީތަން ވެސް މޫނު އަނެއްފަރާތަށް އަނބުރާލައިގެން މަގުމައްޗަށް ނަޒަރު ހުއްޓާލައިގެން އިނެވެ.
ޓެރެސްގައި ހުރި ސަރަންފީގައި ދެފައިނަގައި ގަޔާކައިރިކޮށްލައިގެން ޒޫރިން އޮތެވެ. ދުރަށް ނަޒަރު ހުއްޓާލައިގެން އިންއިރު ޒޫރިންގެ އެއްއަތުގައި ފޯނު އޮތެވެ. އޭނާ އީތަންއާ ވާހަކަދައްކަން ބޭނުމެވެ. އެހެންނަމަވެސް ބަނޑުބޮޑުކަން އެނގުނުފަހުން އެންމެ ފަހަރަކު ވެސް އީތަން އަނގައިން ނުބުންޏެވެ. އީތަން ހުރިހާ ކަމެއް ހައްލުކުރާނޭކަމަށް ހީކުރެވުނެއްކަމަކު އެހެނެއްނުވިއެވެ. ކައިވެންޏަށް އެދުމުން އީތަންގެ ހަރަކާތުން ފެނިގެންދިޔަ ފަސްޖެހުން ޒޫރިން ހަނދާނެއްނުނެތޭނެއެވެ. އަމިއްލަ މަންމައަށް ރޭޝްމާނުވާއިރު ޒޫރިންދެކެ އޭނާ ލޯބިވާވަރު ފެނިގެން ހިނގައްޖެއެވެ. ރޭޝްމާގެ ހަޔާތުގައި ޒޫރިންއަށްވުރެ މުހިންމު އެކަކު ވެސް ނެތެވެ. އެ މަންމަ އީތަންގެ ފައިބުޑަށް ވެއްޓި އާދޭސްކުރަންޖެހޭވަރު ކަމެއް ކުރެވުނީތީ ޒޫރިންގެ ހިތަށް ވަކިން ތަދުވެއެވެ. އީތަންދެކެ އިންތިހާއަށް ލޯބިވެވުނީތީ އަމިއްލަ ހިތާ ޒޫރިން ޝަކުވާކުރިއެވެ. އޭނާގެ ފަރާތުން ޒޫރިން ބޭނުންވާ ހަޤީޤީ އުފާ ނުލިބޭނެކަމުގައި ޟަމީރު ވިސްނައިދެމުން ދިޔަނަމަވެސް ހިތުގައިވާ އިހުސާސްތަކަށް ކުޑަ ވެސް އުނިކަމެއް ނާދެއެވެ.
“އައި އޭމް ސޮރީ ބޭބީ…” ފެންކަޅިވެފައިވާ ދެ ލޯ ފުހެލުމަށްފަހު ޒޫރިން އަމިއްލަ ބަނޑުގައި ފިރުމާލިއެވެ. އަދި ހިތާ ހިތާ ވާހަކަދައްކަން ފެށިއެވެ.
“މަންމަ ދެރަވެގެން ރޯތަން ބަލާކަށް ކެތެއްނުވާނެ. އީތަންއަށް މަޖުބޫރުކޮށްގެން އޭނާގެ ލޯއްބެއް ނުލިބޭނެ… ބޭބީ ތިއައީ މާ އަވަހަށް. ބޭބީ ދުނިޔެއަށް އައުމުން ހަމައެކަނި އުފާވާންހުރީ ބޭބީގެ މި މަންމައެކަނި…. މިހުރިހާކަމެއް މިވީ އަމިއްލަ އެދުން އިސްކުރަން ހަދައިގެން. އީތަންދެކެ ލޯބިވެގެން އަމިއްލައަށް އުޅުނީ… އީތަން ލޯބިވާކަމެއް ވެސް ނޭނގޭ… އައެ އޭމް ސޮރީ ބޭބީ… މި ނޫންގޮތެއް ދެން ނެތް. ބޭބީގެ މި މަންމައަށް ދުވަހަކު ވެސް މާފުނުކުރާނެކަން އެނގޭ. މިއީ މާފުކުރެވޭނޭވަރު ކަމެއްނޫން. އެކަމަކު މިއަދު އަމިއްލަ އުފަލަށްޓަކައި ނަގާ ކޮންމެ ފިޔަވަޅަކުން އެންމެ ލޯބިވާމީހުންނަށް ހިތްދަތިކަން ނޫނީ ލިބޭކަށްނެތް. ސޯ ސޮރީ… އައި ލަވް ޔޫ ސޯ މަޗް… ލޮލަށް ބޭބީ ނުފެނުނެއްކަމަކު މިހާރު ވެސް އިހުސާސްކުރެވޭ ތީ މިހަށިގަނޑުގެ ބައެއްކަން…” ދެ ތުންފަތް ތުރުތުރުއަޅާލުމާއެކު ޒޫރިންގެ އަނގައިން މަޑުއާހެއް ބޭރުވެގެންދިޔައެވެ.
ދުރުގައި ބަލަންހުރި ރޭޝްމާއަށް ދެ ލޯ މަރާލައިގެން ބަނޑުގައި ހިފަހައްޓާލައިގެން ސަރަންފީގައި އޮތް ޒޫރިން ރޮނީކަން އެނގެއެވެ. އަމިއްލަ ދެ ލޯ ފެންކަޅިވުމުން ދެ އަތުން ފުހެލާފައި ހިކިފައިވާ ދެ ތުންފަތް ތެތްމާލިއެވެ. ފުންނޭވާއެއް ލާފައި ކުރިއަށް ރޭޝްމާ ހިނގައިގަތެވެ. މީހެއްގެ ހިލަމެއް ވުމާއެކު ކުއްލިއަކަށް ދެ ލޯ ހުޅުވާލި ޒޫރިން އަވަސްއަވަހަށް ލޯ ފުހެލައިފިއެވެ. އަދި ގޮނޑީގައި ހަމަޖެހިލާފައި ރޭޝްމާއާ ކުރިމަތިލިއެވެ.
“ފިންޏެއް ވެސް ނުވޭތަ. އިރުއޮއްސުނީއްސުރެން ވިލާގަނޑު ހަދާފައި އެ އޮންނަނީ. ތިހެން އިންދާ ވާރޭ ވެހެންފަށާފާނެ” ޒޫރިންގެ ކައިރީގައި ގޮނޑިއެއް ބަހައްޓާލުމާއެކު އޭގައި ރޭޝްމާ އިށީނެވެ. ޒޫރިންއަށް ލިބިފައިވާ ހިތާމަތަކަށް ލުޔެއް ހޯދައިދޭން ރޭޝްމާ ބޭނުމެވެ. އެހެންނަމަވެސް އެކަން ކުރާނީ ކިހިނެއްކަމެއް އޭނާއަކަށް ނޭނގެއެވެ.
“މަންމާ! އަޅުގަނޑަށްޓަކައި މަންމަ ކޮށްދިން ހުރިހާ ކަމަކަށް ޝުކުރު އަދާކުރަން ބޭނުންވީ މިގޮތަކަށްނޫން. ދުވަހަކު ވެސް މަންމަ ދެރަވާވަރުކަމެއް ކުރާން އަޅުގަނޑު ބޭނުމެއްނުވޭ… އެހެންވިޔަސް އެކަން ކުރެވިއްޖެ. ކީއްކުރަން އީތަންއަށް އަޅުގަނޑާ ކައިވެނިކުރަން މަޖުބޫރުކުރަންވީ”
“ރީން. ކައިވެނިކުރެވުނީމަ ހުރިހާކަމެއް ހަމައަކަށް އެޅިދާނެ. އީތަންއަށް ލިބުނު ޝޮކުން ގޮތެއް ނިންމަން ނޭނގިގެން އެ އުޅެނީ. ތި ދެކުދިންގެ ކައިވެނި ކުރެވުނީމާ އީތަންއަށް ވިސްނޭނެ…”
“ނޫން މަންމާ! އީތަންއަށް މަޖުބޫރުކުރާ ވަރަށްވުރެ އަޅުގަނޑު މާ ލޯބިވޭ. މަންމަ އާއި އީތަންގެ އުފާވެރިކަން އަޅުގަނޑަށް މާ މުހިންމު… އެހެންވެ… އެހެންވެ މި ނިންމީ… މި.. ބޭބީ އެބޯޓު…” ޒޫރިންގެ އަނގައިގައި ފަހުލަފުޒުއޮއްވައި އޭނާގެ ކަނާތު ކޯތާފަތަށް ދިލައިގެ އިހުސާސްވެގެން ދިޔައީ ރޭޝްމާގެ އަތްތިލައިންނެވެ. ވަގުތުން ކޯތާފަތުގައި ރޭޝްމާގެ އަތްތިލަޖެހުނު ހިސާބު ރަތްވެއްޖެއެވެ.
“ޒޫރިން…. ދަރިފުޅު މޮޔަވީތަ. ތިޔަހެން ކަންތައްކުރީމާ މަންމަ އުފާނޭކަމަށް ހީވަނީތަ. ކޮންމެ ހާލެއްގައި ވިޔަސް ދަރިފުޅާއެކު މަންމަ ހުންނާނަމޭ ނުބުނަންތަ. ތިޔަފަދަ އެއްޗެއް ރީންގެ ހިތަށް އެރީ ކީއްވެތަ؟” ހިތުގައިޖެހި ރަނގަޅު ގޮތް ވިސްނަން ނުކުޅެދެވިފައި އިން ޒޫރިންގެ ބަޑިފަޅައިގެން ދިޔައެވެ. އެތެރެއަށް ހިންދަމުން ފޮރުވަމުން ދިޔަ ކަރުނަތައް ސައިލެއްފަދައިން ދެ ކޯތާފަތުން ފައިބައިގަތެވެ. ޒޫރިންގެ ގައިގާ ހިފައި ނަގައިގަނެ އޭނާގެ ގައިގާ ރޭޝްމާ އޮޅުލައިގަތެވެ. ޒޫރިންގެ ހިތުގައިޖެހިފައި ހުރި ވަރު ފެނުމުން ރޭޝްމާގެ ލޮލަކަށް ކެތެއްނުވިއެވެ. އޭނާއަށް ވެސް ރޮވެނީއެވެ.
“ދެން ހުއްޓާލާ ރީން. ބަނޑުގައިވާ ދަރިފުޅުގެ ކިބައިން ސަލާމަތްވުމަށް ދެން ދުވަހަކު ވެސް ނުވިސްނާތި. އެއީ އެއްގޮތަކަށް ވެސް ކޮށްގެންވާނޭ ކަމެއްނޫން. އީތަންއާ ކައިވެނި ކުރަން ތައްޔާރުވާންވީ. މިހަފްތާތެރޭ ދަރިފުޅަކީ އީތަންގެ އަނތްބަކަށްވާނެ. ދެން އެއްގޮތަކަށް ވެސް ރޮއެ ހިތާމަކުރާނޭ ކަމެއްނެތް. ކައިވެންޏަށް ފަހު އީތަން ވެސް ހަމަޖެހޭނެ… އެހެންވީމަ ދެން ނުރޮއެ ހުއްޓާލާ. މިވަގުތަށް އޮތްގޮތަކީ އެއީ. ކައިވެނިކުރުމަށްފަހު އީތަން އެކުގައި އުޅެން ބޭނުންނުވަންޏާ ވަރިވެވިދާނެ، އެކަމަކު މިވަގުތު އިހަށް މި ކައިވެނި ކުރުން ބުއްދިވެރީ….” ޒޫރިންއަށް ވިސްނައިދޭން ރޭޝްމާ މަސައްކަތްކުރިއެވެ.
އެތައް އިރަކު ރުއިމަށްފަހު ޒޫރިން ހަމައަކަށް އެޅުނެވެ. އޭރު ވެސް އޭނާއަށް ހުރީ ގިސްލެވިފައެވެ. މި ވަގުތު އޭނާގެ އެންމެ ގާތުގައި ހުރުމަށް ބޭނުންވަނީ އީތަންއެވެ. ޒޫރިންއަށް ހިތްވަރު ބޭނުންވަނީ އީތަންގެ ފަރާތުންނެވެ. ޒޫރިން ދެރަވަނީ އެހެންވެއެވެ. އެންމެ ގާތުގައި ހުންނަންވީ ވަގުތު އީތަން ދުރުގައި ހުންނަން ބޭނުންވީމައެވެ. ކުއްލިއަކަށް އެ ދެމެދުގައި އެއްވެސް ގުޅުމެއްނެތް ކަހަލައެވެ. އެންމެ ފަހުން ރޭޝްމާއާ ދުރަށް ޒޫރިން ޖެހިލިއެވެ. އަދި އަމިއްލައަށް ދެއަތުން މޫނު ފޮހެލުމަށްފަހު ޓެރެސްގެ ފާރުބުރީގެ ވަށައިގެންވާ ހޮޅީގައި އަތްއަޅުވާލަމުން ދުރަށް ނަޒަރު ހުއްޓާލިއެވެ. އެހިނދު އޭނާގެ ފަހަތުން ރޭޝްމާ އައިސް ހަމައެގޮތަށް އަތްއަޅުވާލައިގެން ހުއްޓުނެވެ.
“މަންމާ! އަޅުގަނޑު ވާހަކައެއް އަހާލަންތަ”
“އަހާލަބަލަ” ޒޫރިންގެ އަތުގައި ފިރުމާލަމުން ރޭޝްމާ ބުނެލިއެވެ.
“އަޅުގަނޑުގެ ސަބަބުން ތަހުސީނުބޭބެ މަންމައާ ދުރަށް ދާކަށް ނޭދެން”
“ރީން އާއި މަންމައާ ދެމެދަށް ތަހުސީނަކަށް ނުވަދެވޭނެ. ރީންގެ ރުހުމާއެކު ނޫނީ މަންމަ އެއްވެސް ކަމެއް ނުކުރާނަން”
“އައި އެމް ސޮރީ މަންމާ”
“މަންމައަށް އެނގެޔޭ ރީން ސޮރީވެފަކަން ހުރީ… އަބަދު މަންމަ ގާތުން މާފަށް ނޭދުނަސް ރީންއަށް މަންމަ މާފުކޮށްފީމޭ. ދެން އެއްގޮތަކަށް ވެސް ރޮއެގެން ނުވާނެ. ރީންއަކީ ތިހެން ރޮއެރޮއެފައި އުޅޭ ކުއްޖެއްނޫނެއްނު. އެއަށްވުރެ މާ ހިތްވަރުގަދަ ކުއްޖެއް. ކޮންމެ ހާލެއްގައި ވިޔަސް އީތަންއާ ކައިވެނިކުރެވޭތީ އެކަމާ މިވަގުތު ހިތްހަމަޖައްސާލާ. ތިހެން ރޮންޏާ ކައިވެނިކުރާ ދުވަސް އަންނައިރު ރީންގެ މޫނު ހުންނާނީ ރަތް ޖަނބުރޯލެއްހެން. ލޯ ވެސް ހުންނާނީ ދުޅަވެފައި… އެނގޭތަ، މަންމަ އެދުވަހަށް ރީން ލާނޭ ހެދުން ވެސް ކަނޑައަޅައިފިން. މީ މަންމަ ބޭނުންވިގޮތް ނޫން ނަމަވެސް ކައިވެނި ކުރެވޭތީ މަންމަ އުފާވޭ” ވަޔާއެކު ޒޫރިންގެ މޫނުމައްޗަށް ވެރެމުންދިޔަ އިސްތަށިކޮޅުތައް ނަގާ ކަންފަތްކައިރީ އަޅުވަމުން ރޭޝްމާ ވާހަކަދެއްކީ ވަރަށް ވެސް އޯގާތެރިކަމާއެކުއެވެ.
އެތައް ޒަމާންތަކަކަށްފަހު ގޭތެރެއަށް އުފާވެރިކަން އައިސްގެން އުޅޭ ކަހަލައެވެ. ކާމިލު އާއި އިނާޔާއަށް އަބަދުމެ ތިބެވެނީ ހިނިތުންވެލައިގެންނެވެ. ރަންކިއުމާއިއެކު އަނގޮއްޓި އެޅުވުމުގެ ރަސްމިއްޔާތަށް ދެ ފަރާތުގެ ޢާއިލާ ތައްޔާރުވަމުން އައެވެ. ކާމިލު ބޭނުންވީ ރިސޯޓެއްގެ އަތިރިމަތީގައި ގުދުރަތުގެ ރީތިކަމުން ފުރިވައިވާ މާޙައުލެއްގައި ހަފްލާކުރިއަށް ގެންދާށެވެ. ޖަޒްލާއަކީ އަމިއްލަ ލޭ ނޫންވިޔަސް އޭނާ ބޭނުންވީ ހުރި ހަމައެކަނި އަންހެން ދަރިފުޅު ކަމުގައި ދުށުމާއިއެކު އެ ދަރިފުޅަށް ހުރިހާ އުފަލެއް ހޯދައިދޭށެވެ. ހުކުރުވިލޭރެއަށް ތައްޔާރުވަމުން ދިޔަ އިރު ހުރިހާ ކަމެއްގެ ޚަރަދު ބަލަހައްޓަމުން ދިޔައީ ކާމިލުގެ ކުންފުނިންނެވެ. ސުފިޔާނުގެ ޢާއިލާއަށް އެކަން ބަލައިގަތުން ފަސޭހަ ކަމަކަށް ނުވިޔަސް ކާމިލު ކުރާ ޚަރަދަށް ފާޑުކިޔާކަށް އެމީހުން ވެސް ބޭނުމެއްނޫނެވެ. އެހެންވެ ކާމިލު ބޭނުންވާގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް ނިންމީއެވެ.
ހަފްތާ ނިމުމަކަށް އައިރު އީތަންއަށް ނޭވާލާނޭ ފުރުޞަތެއް ނުލިބެއެވެ. ކޮންމެ ދުވަހަކު ކޮންމެވެސް ކަމެއްގައި ޝައުން އާއި ދެމީހުން ކާމިލުގެ ގާތަށް ދާންޖެހެއެވެ. ނުވިތާކަށް ހެދުން ފަރުމާ ކުރާ މީހާގެ ގާތަށް ދިއުމާއި ޖަޒްލާގެ އެކި ކަންކަމުގައި އެގޭގައި ހޭދަ ކުރަންޖެހުނު ވަގުތުތަށް ގިނައެވެ. ސިކުނޑި ކިތަންމެ ހާސްވެފައި ހުރި ނަމަވެސް ކުޑަ ވަގުތު ކޮޅަށް އީތަންއަށް ޒޫރިންގެ ހަނދާންތަކާ ދުރަށް ދެވުނެވެ. އިހުސާސް ކުރެވެމުންދިޔައީ ކައިވެންޏެއް ކުރެވެން މިއުޅެނީ ހަމައެކަނި ޖަޒްލާއާ ކަމުގައެވެ. ޒޫރިންއާ ކުރެވެން އުޅޭ ކައިވެންޏަކީ ހަޤީޤީ ކައިވެންޏެއް ނޫންކަމެވެ. ޢާއިލާގެ އެއްބާރުލުމާއި ރައްޓެހިންގެ ފަރާތުން އުފާވެރިކަން ފެންނަމުން ދިޔައީ ހަމައެކަނި އީތަން އާއި ޖަޒްލާއާ ދެމެދު ކުރެވެން އުޅޭ ކައިވެންޏަށް ވީކަމެވެ.
ހެނދުނު އިރުއެރީއްސުރެ ޒޫރިންގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. ރޭގެ ގިނަ ވަގުތުތައް އޭނާ ހޭދަކުރީ ހޭލައެވެ. ފިކުރު ކުރުމުގައެވެ. ރޭޝްމާ އެދުނު ހެން ހިތްހަމަޖައްސާލައިގެން ހުންނަން އޭނާ ވަރަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެ ހިތަށް ހަމަޖެހުމެއް ލިބޭނީ ކިހިނެއް ހެއްޔެވެ. އީތަންއާ ދައްކަން ބޭނުންވެފައި ހުރި އެތައް ވާހަކައެއް ހުރިއިރު އޭނާއާ ބައްދަލުވާގޮތެއް ނުވިއެވެ. ފޯނު ކުރިޔަސް އެއްވެސް ޖަވާބެއް ނުލިބެއެވެ. ހުރިހާ ހާސްކަމެއްގެ ތެރެއިން ވެސް ޒޫރިން ހިނިތުންވެލަން މަސައްކަތް ކުރަމުން ދިޔައީ އީތަންގެ އަނތްބަކަށްވާން ދެން ގިނަ އިރެއް ނެތްކަން އެނގޭތީއެވެ. އަދި ހަޔާތަށް ބޮޑު ބަދަލުތަކެއް އަންނާނެކަން އެނގި ހުރެއެވެ. ހާލަތު ކޮންމެ ގޮތަކަށް ނިޔާކުރި ކަމުގައި ވިޔަސް އީތަންގެ އަނތްބަކަށް ވުމުގެ ހުވަފެން ޒޫރިން ދުށްޓެވެ. އުފާވެރި ހަޔާތެއް އީތަންއާއެކު ހޭދަކުރުމަށް ނުހަނު ބޭނުންވެފައި ވިއެވެ.
މެންދުރުފަސްވިއިރު ގޭތެރޭގައި އުޅޭ މީސްކޮޅު މަދު ނަމަވެސް ޚާއްޞަ ކަމެއް ހިނގަން އުޅޭ ކަމުގެ ނިޝާންތައް ފެންނަމުންދިޔައެވެ. ތަހުސީނާއި ނާޒިލު ޓެރެސްމަތި ތައްޔާރު ކުރަމުން ދިޔައެވެ. ޓެރެސްގެ ފާރުތައް ކައިރީ މުށިގަނޑުތަކުގައި އިންދާފައި ހުރި ގަސްތަކެއް ގެނެސް ބަހައްޓާފައި ހުއްޓެވެ. ހައެއްކަ މީހުންނަށް އިށީނދެވޭނޭ ގޮތަށް މޭޒެއް ބަހައްޓާ ވަށައިގެން ގޮނޑިޖަހާފައި ހުއްޓެވެ. އޭގެ އިތުރުން ރީތި ވާނޭހާ ގޮތްގޮތަށް ޓެރެސް ޒީނަތްތެރި ކުރުމަށް ދެމީހުން މަޝްވަރާކުރަމުން ދިޔައެވެ.
ނާޒިލުގެ ރަޙުމަތްތެރިއެއް ކަމުގައިވާ ފައިހަމްއަށް ގުޅާ އިރުއޮއްސެންވީއިރު އޭނާ ވެސް ގެއަށް ގެނެސްފިއެވެ. ފައިހަމްގެ ކުޅަދާނަކަން ޒޫރިންގެ މޭކަޕްކޮށްދިނުމުގައި ފެނިގެންދިޔައެވެ. ޒޫރިންގެ ޚާއްޞަ އެދުމަކަށްވީ އެހާ ގޮތްބޮޑު މޭކަޕެއްނުކޮށް ވަރަށް ވެސް އާދައިގެ ގޮތަކަށް ހުރުމެވެ. ފައިހަމްގެ މަސައްކަތް ނިންމާލި އިރު ޒޫރިންގެ މޫނުމަތިން ތާޒާކަމާއި ދިރުން ލިބިފައި ހުރިކަން ފާޅުވޭވޭހުއްޓެވެ. އާދައިގެ މޭކަޕެއް ނަމަވެސް ޒޫރިން ފެންނަނީ ނުހަނު ހިތްގައިމު ކޮށެވެ. ދިގު އެސްފިޔަތަކާއެކު ކަޅިރަވައިގެ ތޫނުކަން ވަކިން ބޮޑަށް ފާހަގަވެފައިވެއެވެ. އިރުކޮޅަކު ލޯގަނޑަށް ބަލަހައްޓައިގެން ޒޫރިންއަށް އިނދެވުނީ އަމިއްލަ ސޫރައަށް ބަލާށެވެ.
“ނައު ޔޫ ލުކް ޕާފެކްޓް. ދެން ނުކުންނަންވީމަ މި ވެއިލް އަޅާލާނީ” އެނދުމަތީ އޮތް ދޯޕަށްޓާއަށް އިޝާރާތްކޮށްލާފައި ފައިހަމް ހިނިތުންވެލަމުން ލޯގަނޑުން ފެންނަމުން ދިޔަ ޒޫރިންއަށް ބުނެލިއެވެ.
“ތެންކިއު ފައިހަމް، އަހަރެންގެ ދަރިފުޅު މިރޭ ވަރަށް ވެސް ރީތި” ފަހަތުން ރޭޝްމާގެ އަޑުއިވުނެވެ.
“މައި ވޯކް އިޒް ޑަން. ހޫޒް ދި ލަކީ ގައި” އަންހެނެއްހެން ތުއިވެލަމުން ފައިހަމް ބުނެލިއެވެ. އަދި އޭނާގެ ސާމާނުތައް ހިފައިގެން ރޭޝްމާއާއެކު ޒޫރިންގެ ކޮޓަރިން ނުކުތެވެ.
ރީތިވާ މޭޒުމަތީ އޮތް ފޯނު ނަގާ ޒޫރިން ބަލާލިއެވެ. އަށެއްޖަހަން އެންމެ ދިހަ މިނެޓަށްވީއެވެ. ފައިހަމް ނުކުމެގެން ދަމުން ރޭޝްމާއާ ކޮށްލި ސުވާލަށް ޒޫރިންއަށް ވިސްނާލެވުނެވެ. ނަސީބުވެރިއަކީ އީތަންބާއެވެ. ނޫނީ އީތަންދެކެ އިންތިހާއަށް ލޯބިވާ ޒޫރިން ބާއެވެ. ލޯބިވާ މީހާއާ ކައިވެނިކުރެވޭނީ ޔަޤީނުން ވެސް ނަސީބުވެރިއަކަށެވެ. އިސްޖަހާލައިގެން ފޯނުގައިވާ އީތަން އާއި ޒޫރިން އެކުގައި ނަގާފައިވާ ފޮޓޯގަނޑަށް ގެއްލިފައި ޒޫރިންއަށް އިނދެވުނެވެ.
ހ. ބުލޫމޫންއިން ފައިހަމްއަށް ނުކުމެވުނީ އޭނާގެ ރަޙުމަތްތެރިޔާ ކައިލަންގެ ކާރުގެ ކުރިމައްޗަށެވެ. ފައިހަމްއަށް އަބަދު ވެސް ކައިލަންއަކީ ރީތި ފިރިހެނުންގެ ތެރޭ ގުނާލެވޭ ފިރިހެނެއްކަމުގައި ޤަބޫލުކުރެވެއެވެ. ކައިލަންގެ ކަސްރަތީ ހަށިގަނޑު ހުންނަ ގޮތަށް އަމިއްލަ ހަށިގަނޑުގެ މަސްތައް ބައްޓަންކުރަން އޭނާ ބޭނުންވެއެވެ. ކައިލަންއާއެކު ޖިމްއަށް ދާންފެށީ އެހެންވެއެވެ. ފައިހަމްއަކީ ގިނަ ބައެއްގެ ރަޙުމަތްތެރިއެއްކަމުން ކައިލަންއަށް އޭނާގެ ވާހަކަތައް ވަރަށް ޝައުގުވެރިއެވެ. ކާރުގައި އިން ކައިލަންއަށް ވެސް ފައިހަމް ފެނިފައި މަޑުކޮށްލިއެވެ.
“ހާއި ކައިލް… ޔޫ ލުކް ސްޓަނިންގ… އައި އޭމް ސޯ ޖެލަސް” ކައިލަން ކާރުގެ ދޮރުފަތުގެ ބިއްލޫރިގަނޑު ތިރިކޮށްލުމާއެކު ފައިހަމް ބުނެލިއެވެ. އެއާއެކު ނިކަން ބާރަށް ކައިލަން ހޭންފެށިއެވެ.
“ތިހެން މަށާ ވާހަކަނުދައްކާށޭ ބުނަމެއްނު. ހީވަނީ އަންހެންކުއްޖެއްހެން… ތި ސިފައަކާ ފައިހަމްއަކާ ނުވެސް ގުޅޭ… ނިކަން ފިރިހެންވެބަލަ” ކައިލަން މިހެން ބުނެލުމާއެކު ފައިހަމް ދެ ފަރާތަށް ތުންއަނބުރާލިއެވެ.
“ހޫން…. ދެން ކިޔާ އެއްޗެހި ބަލާބަލަ. ހިނގާބަލަ އަހަރެން ޑްރޮޕްކޮށްލަދޭން” ކައިލަން ފެނުމުން އޭނާގެ ފަހަތުން ދާން ފައިހަމް ބޭނުންވިއެވެ.
“އަހަރެން މިދަނީ ވަރަށް ލަސްވެގެން. ގަޑި ވެސް ކަޓައިފި… ޖޭޒް އެނގެއެއްނު… އޭނާގެ އެންގޭޖުމަންޓަށް ދާން މިދަނީ. ފައިހަމް މިހިސާބުގައި ކީއްތަ ތިކުރަނީ”
“މަގޭ ސްޕެޝަލް ފްރެންޑެއްގެ ގެ މީ… އޭނާގެ ކޮއްކޮއެއް މެރީ ކުރާތީ މޭކަޕްކޮށްދޭން އައީ. ތިއެއް ނޫނޭ ޖޭޒް ސީރިއަސްލީ މެރީ ކުރަނީތަ؟ އައި ކާންޓް ބިލީވްއިޓް. އަހަރެން ހީކުރީ ކައިލް ކަމަށް އޭނާއާ މެރީކުރާނީ… ހޫޒް ދި އަންލަކީ ގައި…” މޫނަށް ވައްތަރުތަކެއް ޖައްސާލުމާއެކު ފައިހަމް ބުނެލިއެވެ.
“އީތަން…” ދެރަވެލާފައި ކައިލަން ބުނެލިއެވެ. އަދި އިތުރު އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ފައިހަމް ވާހަކަދައްކަންފެށިއެވެ.
“ވަޓް……. އީތަން…. މިރޭމީ އީތަންގެ ރެއަކީތަ؟ މިގޭ ކުއްޖާ ވެސް މެރީ ކުރަން އުޅެނީ އީތަންއަކާ… ކައިލް، ޔޫ ނޯ ހަރ…” ފައިހަމް ހައިރާންކަމާއެކު ވާހަކަދެއްކިއެވެ.
“އީތަންއޭ…. އެކަމަކު ތި ވާހަކަ އަޑުއަހަން ހުރެވޭކަށް ނެތް، ވަރަށް ލަސްވެއްޖެ… މިކޮޅަށް އައިސްފައި ފައިއަށް ގުޅާނަން” ކައިލަން އަވަސްއަރުވާލާއި ބުނެލިއެވެ. އަދި ދޮރުފަތުގެ ބިއްލޫރުގަނޑު މައްޗަށް އަރުވާ ބަންދުކޮށްލަމުން ކާރު ދުއްވާލިއެވެ. ހަމަ އެވަގުތު ފައިހަމްގެ ފޯނު ރިންގުވާންފެށިއެވެ.
“ހާދަ އަވަސްއަރުވާލާފައި ތިދިޔައީ” ނާޒިލުގެ އަޑު ފައިހަމްގެ ކަންފަތުގައި ޖެހުނެވެ.
“އަދި ނުދަމޭ. މިހިރީ ދޮރުމަތީ” ފައިހަމް މިހެން ބުނުމާއެކު ނާޒިލު ފޯނު ކަނޑާލީއެވެ. އަދި ދެން ފެނުނީ ދޮރޯށި ހުޅުވާލާފައި ނާޒިލު ނުކުންތަނެވެ.
“ހިނގާ ގެއަށް ވައްޓާލަދޭނަން” ނާޒިލު މިހެން ބުނެ އޭނާގެ ކާރު ޕާކުކޮށްފައި އޮތް ހިސާބަށް ފައިހަމްގެ ކޮނޑުގައި ޖަހާލާފައި ހިނގައިގަތެވެ.
ކާރުގައި ހަމަޖެހިލެވުމުން ކައިވެންޏާ ގުޅިގެން ނާޒިލުއާ އެކިއެކި ސުވާލުތައް ފައިހަމް ކުރަން ފެށިއެވެ. ފައިހަމްއަކީ ނާޒިލު ވަރަށް އިތުބާރުކުރާ ރަޙުމަތްތެރިއެއްކަމަކު ޒޫރިންގެ ހަޤީޤަތް ހާމަކުރާހާ އިތުބާރެއް ނުކުރެވެއެވެ. އެހެންވެ ކޮންމެވެސް ގޮތަކުން ފައިހަމްގެ ސުވާލުތަކަށް ޖަވާބެއްދީ އޭނާގެ އަނގަ ހިމޭންކުރަން ނާޒިލު މަސައްކަތްކުރިއެވެ.
“ފިރިހެންކުއްޖާ ބޭނުންވާގޮތްވީމަ އެހާ މީހުން ގިނަ ނުކުރީ. ތަންކޮޅެއް ފަހުން ބޮޑު ޕާޓީއެއް ބާއްވަން ވިސްނަން. އެކަހަލަކަމެއް ނުބާއްވާނަން ފައިއަށް ނާންގައެއް. ތޭންކްސް އިނގޭ ވަރަށް ބޮޑަށް. އަހަރެން ގުޅާލާއިރަށް އައިސް ދިނީމަ” ނާޒިލު ބުނެލިއެވެ.
“ނާޒިލްވިއްޔާ. އަހަންނަށް ވެވެން އޮތްކަމެއްވިއްޔާ ނުކޮށްދީއެއް ނުހުންނާނެއެއްނު…. އެކަމަކު ވެސް ބުނަން. އަހަންނަށް ހީވޭ ނާޒިލު ކަމެއް ސިއްރުކުރާހެން. އަޅެ ބުނެބަލަ… މީހެއްކައިރީ ނުބުނާށޭ ބުނެފިއްޔާ މަށެއް ނުބުނާނަން. ޓްރަސްޓު ނުކުރެވެނީތަ. މިހާތަނަށް ނާޒިލު ނުބުނާށޭ ބުނި ވާހަކައެއް މީހެއްގެ ފަރާތުން އަޑުއިވުނުތަ…”
“ފައި… މީ ވަރަށް އެހެންކަހަލަ ކައިވެންޏެއް. މިކަންތައްގަނޑު ނިމުނީމާ ފައިއަށް ކިޔައިދޭނަން” ނާޒިލު ބުނެލިއެވެ.
ފަޒާގައިވާ ފިނިފިނިވައިރޯޅިތަކުގައި ލޮނުގެ އަސަރު ހަރުލާފައި ހުއްޓެވެ. ނަމަވެސް މާޙައުލުގައި ލޮނުވަސް ހިފުމުގެ ބަދަލުގައި ތަނަށް އެއްވެފައި ތިބި މީހުން ޖަހާފައިވާ އަގުބޮޑު ސެންޓުތަކުގެ ވަހުން ހުވަނދުލެވިފައިވިއެވެ. ހީނލާ އަޑާއި ބައިގަނޑުގަނޑަށް މީހުން އެއްވެ ޗުކުޗުކު ތަޅުވާއަޑު ގަދައެވެ. ކޮންމެ މީހަކު ވެސް ތަނުގެ ފުރިހަމަކަން ފެނި އާޝޯހުވެއެވެ. ޖަޒްލާ އާއި އީތަންގެ ރަންކިއުމުގެ ރަސްމިއްޔާތު މިހާ ފުރިހަމައިރު އެމީހުންގެ ކައިވެނީގެ ހަފްލާ އަދި ކިހާ ފުރިހަމަވާނޭ ކަމާމެދު އެއްވެސް މީހަކު ޝައްކެއްނުކުރެއެވެ. އަތިރިމަތީގައި ހަދާފައި ހުރި ސްޓޭޖުގައި މިއުޒިކު ބޭންޑެއް ހަރަކާތްތެރިވަމުން ދިޔައެވެ. މަޑުމަޑު ހިތްގައިމު މިއުޒިކުގެ ތެރެއަށް ބިއްސާލާރާޅުގެ ރާގުތައް ވަދެ ތަފާތު ގުދުރަތީ ހިތްގައިމުކަމެއް އެކުލެވިފައިވެއެވެ. ޖަހާފައި ހުރި ގިޑިގެތަކުގައި އެލުވާފައި ހުރި ތުނިތުނި ފަރުދާތައް ވަޔާވިހުރެވެމުން ދާއިރު އޭގައި ހަރުކޮށްފައި ހުރި އެސްތަކުން އަލިމަހުގެ ދަޅައަޅަމުން ދިޔައެވެ. ހަފްލާ އޮތް ސަރަޙައްދުގެ މަތީގައި ދަމާފައި ހުރި ރިހިކުލައިގެ ފަށްތަކުގައި ބޮކިއެލުވާފައި ހުއްޓެވެ. އެންމެން ވެސް ހަރަކާތްތެރިވާތަން ފެންނަނީ ހުސްފައިގައެވެ. އިންތިޒާމު ކުރެވިފައި ހުރި ގޮތުން ހީވަނީ ބީޗު ޕާޓީއެއް ހެންނެވެ. ސޫޓާއި ގޯންތަކުގެ ބަދަލުގައި ތަފާތު ހޫނު މޫސުމުގެ ފަރުމާތަކުގެ ހެދުންތައް ފެންނަމުން ދިޔައެވެ.
ގިނަބައެއްގެ އިންތިޒާރަކަށްވީ އެމީހުންގެ ތެރެއަށް ޖަޒްލާ އާއި އީތަން ނުކުންނާނެ އިރަކަށެވެ. އެ ޒުވާނުން ދުށުމަށް އެމީހުންގެ ލޯތަށް ވަނީ ކެތްމަދުވެފައެވެ. އައިސްފައި ތިބި މެހެމާނުންނާ ވާހަކަދެއްކުމުގައި ސުފިޔާނު އާއި ކާމިލު ފެންނަނީ އެކުއެކީގައި އުޅޭތަނެވެ.
“ދެއަރ ހީ އިޒް…” މޭޒެއްގެ ދޮށުން ޒުވާން އަންހެންކުއްޖަކު ނިކަން ޖޯޝާއެކީ ބުނެލިއަޑު އިވުނެވެ. އޭރު އެންމެންގެ ތެރެއަށް އީތަން އައިސް ވަންނަނީއެވެ. ސުފިޔާނު އާއި ކާމިލު އަވަސްވެގަތީ އީތަންގެ ގާތަށް އައުމަށެވެ.
ހިމޭންކަންވެރިވެފައި އޮތް ކޮޓަރިތެރޭ ޒޫރިން އިނީ އޭނާގެ އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެންނެވެ. ކޮންމެ ސިކުންތަކާއެކު އޭނާގެ މެޔަށް ބާރުވެގެންދާ ފަދަ އިހުސާސެއް ކުރެވިގެންދެއެވެ. އަށެއްޖަހައި ހިނގައްޖެއެވެ. އަށްގަޑި ފަނަރަ ވެސް ހިނގައިފިއެވެ. ގޭތެރެއަށް މީހުން އައިސްގެން އުޅޭކަން ވެސް ޒޫރިންއަށް އެނގެއެވެ. އެހެންނަމަވެސް އޭނާ ބަލާ ރޭޝްމާއެއް އަދިވެސް ނާދެއެވެ. އެންމެން އައުމުން ޒޫރިން ބަލާ އަންނާނަން ކަމުގައި ރޭޝްމާ ބުންޏެވެ. އެހާއިރު ވަންދެން ކޮޓަރީގައި މަޑުކުރުމަށް ރޭޝްމާވަނީ އެދިފައެވެ. ނަމަވެސް ޒޫރިން ހާސްވާންފަށައިފިއެވެ. ބޭރުގައިވަނީ ކިހިނެއްކަމެއް ނޭނގޭތީއެވެ. އަށްގަޑި ވިހި ހިނގަން އުޅޭއިރު ކައިވެނިކޮށްދޭ މީހުން ނައިހެއް ނުހުންނާނެކަން ޒޫރިންގެ ހިތް ބުންޏެވެ. ރީތިވާ މޭޒުގެ ކައިރިން ތެދުވެގެން އައިސް ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވާލިއެވެ. ޓެރެސްއަށް ނުކުމެވެން ހުރި ދޮރު ހުޅުވާފައި ހުރުމުން ލުއިލުއި ވައިރޯޅިތައް ގޭތެރޭގައި ދައުރުވަމުންދިޔައެވެ. އަދި ޒޫރިންގެ ކަންފަތާ ހަމައަށް ޓެރެސްގައި ދައްކަމުން ދިޔަ ވާހަކައިގެ އަޑު ފޯރިއެވެ. ކޮޓަރިން ނުކުމެ ލަސް ފިޔަވަޅުތަކެއްގައި ޒޫރިން އައިސް ޓެރެސްގެ ދޮރުކައިރީ އެއްފަރާތުގައި މަޑުކޮށްލީ އެތަނުގައި ދެކެވޭ ވާހަކައެއް ސާފުކޮށް އެހުމަށެވެ.
އަތުގައި އޮތް ދޯފަށްޓާ ދޭތެރެއަކުން ވަޔާ ވިހުރިލައެވެ. މަޑުމަޑު ފެހިކުލައަކާއި ރީނދޫކުލައިގެ ތުނިތުނިފޮތީގެ ދިގު ހެދުމުގައި ޒޫރިން ވަކިން ދޮންހެން ހީވެއެވެ. އޭނާގެ ދިގު އިސްތަށިގަނޑު އެއްފަރާތަށް ގެނެސް ރީތިގޮތަކަށް ހަރުކޮށްލާފައިވެއެވެ. އެއްއަތުން ދޯފަށްޓާ ހިފަހައްޓަމުން އަނެއްއަތުން ހެދުން ކުޑަކޮށް ހިއްލާލައިގެން ހުރެ ޓެރެސްގައި ތިބި ބަޔަކު ބެލުމަށް އެ ދިމާއަށް ބޯދިއްކޮށްލިއެވެ.
މޭޒުދޮށުގައި ތިންމީހަކު އިށީނދެ ތިބިކަން ޒޫރިންއަށް ޔަޤީންވިއެވެ. ހަމައެއާއެކު އެމީހުންގެ ކުރިމަތީ ކޮޅަށް ތިބީ ރޭޝްމާ އާއި ތަހުސީނުގެ އިތުރުން ނާޒިލުކަން ވެސް އެނގުނެވެ. ނަމަވެސް އެތަނުން އީތަންއެއް ނުފެނުނެވެ.
“އަށްގަނޑިބައިވަންދެން އަޅުގަނޑުމެންނަށް މަޑުކުރެވޭނީ، މިރޭ އިތުރު ކައިވެންޏެއް އެބައޮތް” މޭޒުދޮށުގައި ފޮތެއް ހިފައިގެން އިން މީހާ ވާހަކަދެއްކިއެވެ. ރޭޝްމާ އާއި ތަހުސީނުގެ އިތުރުން ނާޒިލުގެ މޫނުމަތިން ވެސް ފެންނަނީ ހާސްކަމާއި ކަންބޮޑުވެފައި ތިބިތަނެވެ.
“ފޯނެއް ވެސް ނުނަގައޭ…” ނާޒިލުއަށް ބަލާލަމުން މާޔޫސްވެފައި ހުރި ރޭޝްމާ ބުނިއަޑު އިވުނެވެ. ތަހުސީނު ވެސް ސުވާލުކުރަމުން ދިޔައެވެ. އޭނާގެ ވާހަކަތައް ހުރި ގޮތުން ވެގެން އުޅޭ ގޮތެއް އޭނާއަށް އަދި ސާފުނުވާކަން އެނގެއެވެ.
ދޮރުކަނީގައި ލެނގިލައިގެން ހުރިހާ މަންޒަރެއް ސިއްރުން ބަލަން ހުރި ޒޫރިން ވެސް ހާސްވެއްޖެއެވެ. ފޯނު ނަގާ އީތަންއަށް ގުޅިއެވެ. ނަމަވެސް ރިންގުވެފައި ކޯލު ކެނޑެނީއެވެ. ރޭޝްމާ ބުނި އެއްޗެއް ޒޫރިންއަށް ފަހުމްވިއެވެ. އޭނާ ބަލާ ރޭޝްމާ ނައިސްގެން އެ އުޅެނީ ކީއްވެކަން ވެސް އެނގިއްޖެއެވެ. އީތަން ނާންނަނީއެވެ. އީތަން އާއި ނުލާ ކައިވެނި ކުރިއަށް ގެންދާނީ ކިހިނެއް ހެއްޔެވެ.
“ޕްލީޒް، ޕްލީޒް… އީތަން. ޑޯންޓް ޑޫ ދިސް ޓު މީ… މެރީ ކުރަން ބޭނުންނުވަންޏާ މިހެން ނަހަދާ ކުރިން ބުނިނަމަ. ކައިވެނިކޮށްދޭ މީހުން ވެސް އަތުވެއްޖެ… ޑޭމްއިޓް އީތަން… ވެއަރ އާރ ޔޫ… ޕްލީޒް…” ހާސްވެގެން ގޮސް ހަދާނޭގޮތެއް ނޭނގިފައި ހުރި ޒޫރިން ފެނުނީ ނިކަން އަވަހަށް މެސެޖެއް ލިޔެފައި އީތަންގެ ނަންބަރަށް ފޮނުވާލިތަނެވެ.
ރޭޝްމާމެންނަށް ހަދާނޭ ގޮތެއް ނޭނގި ހާސްކަމުގެ ތެރޭ ވާހަކަދައްކަމުން ދަނިކޮށް ފެނުނީ ކައިވެނިކޮށްދޭން އައިސް ތިބި މީހުން މޭޒުގެ ދޮށުން ތެދުވިތަނެވެ. އެމީހުން ހިފަހައްޓާނީ ކީކޭ ކިޔާފައިކަމެއް ރޭޝްމާއަކަށް ނޭނގުނެވެ. ތަހުސީނު އެމީހުންގެ ގާތުގައި މަޢާފަށް އެދެމެންދިޔައެވެ. އެމީހުންގެ ވަގުތު ނަގާލެވުނީތީއެވެ. މިހެންވާނޭކަން ކުރިން އެނގިފައި ނެތީމައެވެ. އޭރު ރޭޝްމާ ރަނގަޅަށް ވެސް ފެންކަޅިވެއްޖެއެވެ. އުންމީދުކުރިގޮތަށް ކަންތައްނުވެ ބައެއްގެ ކުރިމަތީ އިތުރު ބޭޒާރެއްވީތީއެއް ނޫނެވެ. އީތަން ނައުމުން މި ކައިވެނި ނުކުރެވުމުން ޒޫރިންއަށް ވާނޭ ގޮތެއް ހިތަށް އަރާފައެވެ. އެހެންވިޔަސް ގެޔަށް އައިސް ތިބި މެހެމާނުންނަށް ކަމޭހިތުމުގައި ރޭޝްމާ އެއްވެސްކަމެއް އުންޏެއް ނުކުރެއެވެ. ކައިވެނިކޮށްދޭން އައިސް ތިބި މީހުންގެ ތެރެއިން ގާޒީ ނަޞޭޙަތްތެރިވިއެވެ. ކައިވެންޏަށް ފުރިހަމައަށް ތައްޔާރުވެގެން ނޫނީ ކައިވެންޏާ ހަމައަށް ނުދިއުމަށެވެ. އަދި އެނޫން ވެސް އިތުރު ކަންކަމާ ނަޞޭޙަތްތެރިވިއެވެ. އިތުރު ދުވަހެއް ހަމަޖައްސަން ބޭނުންވާނަމަ ކޯޓަށް އެކަން އެންގުމަށް ވެސް ބުންޏެވެ. އެ ހުރިހާ މަންޒަރެއް ބަލަން ގައުވެފައި ޒޫރިން ހުރީ ޓެރެސްއަށް ނުކުންނަން ހުރި ދޮރުކައިރީގައެވެ. ގާޒީއާއެކު ތިބި މީހުންނަށް ވެސް ޒޫރިން ފެނި ހުއްޓުން އެރިއެވެ. ކައިވެނިކުރުމަށް ތައްޔާރުވެގެން ހުރި ޒޫރިންއަށް އެ މީހުންގެ ބެލުންތަކުން ހަމްދަރުދީ ފާޅުވެގެން ދިޔައެވެ. އެމީހުންގެ ފަހަތުން އައި ރޭޝްމާއަށް ޒޫރިން ފެނުމާއެކު ލިބުނީ ޝޮކެކެވެ. އެހިނދު ބޭއިޚްތިޔާރުގައި ތަހުސީނުގެ އަތުގައި ހިފާ ބާރުކޮށްލެވުނެވެ.
ޒޫރިން ފެނި ތަހުސީނަށް ވެސް ހުއްޓުމެއް އައެވެ. ރޭޝްމާގެ އަތުގައި ފިރުމާލަމުން ބޮލުން އިޝާރާތްކޮށްލީ ޒޫރިންގެ ގާތުގައި މަޑުކުރުމަށެވެ. އަދި އޭނާ ކުރިއަށް ހިނގައިގަތީ ކައިވެނިކޮށްދޭން އައިސް ތިބި މީހުންގެ ފަހަތުން ދިއުމަށެވެ. އޭރު ނާޒިލްއަށް ވެސް ހާސްވެފައި ޒޫރިންއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
ގެއަށް އައިސްތިބި މީހުން ދޮރޯށިން ނުކުތުމުން ދޮރޯށި ލައްޕާ ތަޅުލައިފައި ހަލުވިކޮށް ތަހުސީނު މަތީފަންގިފިލާއަށް އަރައިގެން އައެވެ. ހުޅުވާލާފައި ހުރި ޒޫރިންގެ ކޮޓަރީގެ ދޮރުން ރޭޝްމާ އާއި ޒޫރިން އެނދުގައި އިށީނދެލައިގެން އިންތަން ތަހުސީނަށް ފެނުނެވެ. އަވަހަށް އައިސް ޒޫރިންގެ ކޮޓަރިއަށް އޭނާ ވަނެވެ.
“ކޮންގެއެއްގެ ކުއްޖެއްތަ އެއީ؟ ކަމެއް ދިމާވީކަމަށްވެދާނެ… އެގޭ ދޮށަށް ދާންވީނު” އުންމީދު ކަނޑާލަން ތަހުސީނު ބޭނުންނުވާ ކަހަލައެވެ. ނޫނީ ޒޫރިންގެ އުންމީދު ގެއްލިދާނޭތީ ބުނެލި ކަހަލައެވެ.
“ނާޒިލަށް އެނގޭނެ އެގެ” ރޭޝްމާ މަޑުމަޑުން ބުނެލިއެވެ.
“މިގެއާ އެހާ ދުރެއް ވެސް ނުވާނެ، ހިނގާ ދަމާ” ނާޒިލު ބުނެލިއެވެ.
ޒޫރިންގެ ކޮނޑުގައި ހިފަހައްޓާލައިގެން ރޭޝްމާ އިންދާ ނާޒިލު އާއި ތަހުސީނު ކޮޓަރިން ނުކުމެއްޖެއެވެ. ދެ މީހުން ގެއިން ނުކުމެ ތަހުސީނުގެ ކާރަށް އަރާ ދުއްވާލިއެވެ. ތަހުސީނު ކާރު ދުއްވަމުން ދިޔައީ ނާޒިލު ކިޔައިދެމުން ދިޔަ މަގުތަކުންނެވެ. ވަކި ހިސާބަކުން މަޑުކުރަން ބުނުމުން ތަހުސީނަށް ހައިރާންކަމެއް ލިބިގެން ދިޔައެވެ. ކާރު އެއްފަރާތުގައި ޕާކުކޮށްލަންވާއިރަށް ނާޒިލު ފައިބައިފިއެވެ. އޭނާގެ ފަހަތުން ތަހުސީނު އައުމުގެ ކުރިން ނާޒިލުގެ މިސްރާބު ހުރި ދިމާފެނި ހުއްޓުން އެރިއެވެ. ކުއްލިއަކަށް ދެ ލޯ ބޮޑުކޮށްލެވުމާއެކު ނާޒިލަށް ގޮވާލިއެވެ.
“މިގެއަށްތަ ތިއައީ…. ހ.އޯކިޑު ވިލާއަށްތަ؟ މިގޭގައި އުޅޭ އީތަންތަ؟” ތަހުސީނު ހުރި ފިޔަވަޅުމަތީ ގަބުވެފައި ހުރެ ސުވާލުތައް ކުރަންފެށިއެވެ.
“އާން. ކައިވެންފޯމުގައި ޖަހާފައި އޮތީ މިގޭ އެޑްރެސް، ކިހިނެއްވީ؟ އަނެއްކާ އޭނަ އަހަރުމެންނަށް އޮޅުވާލީތަ؟ މިގޭ މީހުން ތަހުސީނަށް އެނގެނީތަ؟” ތަހުސީނުގެ ހަރަކާތްހުރި ގޮތުން ނާޒިލު ވެސް ހައިރާންވިއެވެ.
“ނާޒިލު. އާދޭ ދާން….”
“ކީކޭ؟ ކީއްކުރަން އެނބުރިދަނީ… ކައިވެންޏަށް ނައީ ކީއްވެތޯ އަހާފައި ދާނީ. އެނާގެ މައިންބަފައިންނާ ވެސް ބައްދަލުކުރަން ބޭނުން. އެހާ ބޮޑު އޮޅުވާލުމެއް އޮޅުވާލީ ކީއްވެތޯ ވެސް އަހަން ބޭނުން”
“ނާޒިލު، އެގޭގައި މިރެއަކު އެކަކު ވެސް ނޫޅޭނެ. ކިތަންމެ ވަރަކަށް ބެލްޖެހި ނަމަވެސް ދޮރޯށްޓެއް ނުހުޅުވާނެ. އަހަންނަށް ވަރަށް ރަނގަޅަށް އެނގޭތީ މިބުނީ. އެކަމަކު އަހަރެންގެ ސިކުނޑި މިހާރު ވަކިން ހާސްވެއްޖެ. ސުވާލަކަށްފަހު ސުވާލެއް ސިކުނޑީގައި އެނބުރެމުންދާއިރު އެކަކު ވެސް އަހަންނަށް ޖަވާބެއްދޭކަށްނޫޅޭ. އެގޭ އީތަންއަކީ އަހަރެންގެ ކޮއްކޮއެއް ކަހަލަ ކުއްޖެއް… އާދޭ އަހަންނާއެކު”
ތަހުސީނުގެ ވާހަކަ އަޑުއަހަން ހުރެފައި ނާޒިލު ހ.އޯކިޑުވިލާގޭ ދޮރޯށީގެ ތަޅުގައި ހިފާލިއެވެ. އެގޭ ދޮރޯށި ހުރީ ތަޅުލާފައެވެ. ހަރުކޮށްފައި ހުރި ރަނގަބީލަށް އޮބާލުމުން ވެސް ގޭތެރެއިން ޚަބަރެއްނުވިއެވެ. އެނބުރި ތަހުސީނަށް ބަލަން ހުރެފައި ނާޒިލު އޭނާއާ ދިމާއަށް އަތުވެއްޖެއެވެ. އެއާއެކު ތަހުސީނު ވެސް އެނބުރި އައިސް ކާރަށް އެރިއެވެ.
މީހުންގެ ހިލަމެއް ނުވާ ހިސާބަކަށް ތަހުސީނުގެ ކާރު މަޑުކޮށްލިއެވެ. އަދި އޭނާ ނާޒިލަށް ބަލާލާފައި ވާހަކަދައްކަން ފެށިއެވެ.
“އަހަންނަށް ބޮޑުބޭބެ ކިޔާ ކުއްޖެއް ހުންނާނެ. ޝައުން ކިޔާނީ… އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި އީތަން އަހަރުމެން ގެއަށް އަންނަތަން ފުރަތަމަ ފެނުނީ. އެއީ ވަރަށް ހަރުދަނާ ރަނގަޅު ޒުވާނެއް. އޭނާގެ ޢާއިލާއަކީ ވެސް އަހަރެން ވަރަށް އިހުތިރާމްކުރާ ބައެއް. އެނގޭތަ އެމީހުން މިރޭ ވީ ކޮންތާކުކަން. އަހަރެންގެ ލޮލުން ދުށިން ޝައުން ގެންގުޅުނު ދަޢުވަތުކާޑު. އީތަން އުޅެނީ ކުއްޖަކާ ރައްޓެހިވެގެން. މިރޭ މީ އެމީހުން އިންނަން ރަންކިއުމުގެ ކަންތައް ހަމަޖެހިފައި އޮތް ރޭ. އެހެންގޮތަކަށްބުނަނީނަމަ އެންގޭޖުމެންޓު ކުރުން އޮތީ މިރޭ. އީތަން އިންނަން އުޅެނީ ވަރަށް މުއްސަނދި ޢާއިލާއެއްގެ ކުއްޖަކާ. އެމީހުންގެ ހަފްލާ އޮތީ ރިސޯޓުގައި… ހުރިހާ ތަފްޞީލެއް ނޭނގޭ. މި ކިޔައިދިނީ އަހަންނަށް އެނގިފައި އޮތް މިންވަރު. ދެން ނާޒިލު އަހަންނަށް ކިޔައިދޭންވީ އީތަން އާއި ޒޫރިންގެ ކައިވެނި ކުއްލި ގޮތަކަށް ރޭވިގެން ދާންޖެހުނު ސަބަބު. އަހަންނަށް ނޭނގޭ ކަމެއް މިކަމުގައި އެބައޮތްކަން އަހަންނަށް ޔަޤީންވޭ. ދެން ވެސް އަހަންނަށް ކަމެއް ކުރެވޭނީ މި ހުރިހާކަމެއްގެ ހަޤީޤަތް އެނގުނީމަ”
“މީ ރީންއާ ގުޅިފައި އޮތް ކަމެއް. އަހަންނަށް ފެންނަނީ ތަހުސީނު ތި ވާހަކަތައް ރޭޝްއަށް ކިޔައިދޭން. އަހަރެން ވެސް ޤަބޫލުކުރަން ތަހުސީނަށް ހަޤީޤަތް އެނގެންވެއްޖެކަން. ހިނގާ ގެއަށް. އަހަރެން ރޭޝް ގާތު ބުނާނަން ތަހުސީނަށް ހުރިހާ ވާހަކައެއް ކިޔައިދިނުމަށް” ނާޒިލު ބުނެލިއެވެ. އެއާއެކު އެންމެ ސުކުންތެއް ވެސް ގެއްލުވާނުލާ ތަހުސީނު ކާރު އިސްޓާޓުކޮށް ދުއްވާލައިފިއެވެ.
“ރޭޝް. އަހަރުމެން އެބަޖެހޭ ވާހަކަދައްކަން” ނާޒިލު އާއިއެކު އައިސް ޒޫރިންގެ ކޮޓަރިއަށް ވަން ތަހުސީނު ބުނެލިއެވެ. އެހިނދު ސުވާލުގެ ނަޒަރަކުން ރޭޝްމާއަށް ބަލާލެވުނީ ނާޒިލަށެވެ. އޭނާ ވެސް ރޭޝްމާއަށް ބޯޖަހާލީ ތަހުސީނުގެ އަޑު އަހާށޭ ބުނުމަށެވެ.
“ރީން. ދަރިފުޅު ދެރަނުވާތި… މަންމަ މިއަންނަނީ. ނާދެވޭވަރުކަމެއް އީތަންއަށް ދިމާވީހެން މަންމައަށް ހީވަނީ” ރޭޝްމާ މިހެންބުނެ ލޯބިން ޒޫރިންގެ ކޯތާފަތުގައި ފިރުމާލިއެވެ.
ޒޫރިންގެ ގާތަށް ރޭޝްމާ އައިފަހުން އޭނާ ވާހަކައެއް ނުދައްކައެވެ. އެއްވެސް ސުވާލެއް ނުކުރިއެވެ. ރޭޝްމާ ކަންބޮޑުވެފައި އެކިއެކި ވާހަކަތައް ދައްކަމުން ދިޔަ ނަމަވެސް ޒޫރިން ފެންނަނީ ކަމަކަށް ގެއްލިފައި އިންނަ ތަނެވެ. ކޮޓަރިން ނުކުމެގެން ރޭޝްމާ ދިޔައިރު ވެސް ޒޫރިން އިނީ އިންގޮތަށެވެ.
ރޭޝްމާގެ ކޮޓަރީގެ ދޮރު ނާޒިލު ލައްޕާލުމާއެކު އެތަނުގައި ދެން ތިބި ދެ މީހުންނަށް ނަޒަރު ހިންގާލިއެވެ. އަދި ތަހުސީނު ކިޔައިދެން އުޅޭ ވާހަކަ އަޑުއެހުމަށް ނާޒިލު އެދުނެވެ. އެއާއެކު ތަހުސީނު އައިސް ރޭޝްމާގެ އަތުގެ ދެފަރާތުގައި ހިފާލާފައި އެނދުގައި ބެއިންދިއެވެ. އަދި އީތަންގެ ވާހަކަތައް ކިޔައިދިނެވެ. އެ ވާހަކަތައް އަޑުއަހަން އިން ރޭޝްމާގެ ދެ ލޯ ކަރުނުން ފުރެމުން ދިޔައެވެ.
“އަހަރެންގެ ރީންއަށް ދެންވާނީ ކިހިނެއް؟” ކުރި ހުރިހާ އުންމީދެއް ގެއްލިފައި އިން ހާލުގައި ރޭޝްމާއަށް މަޑުމަޑުން ބުނެލެވުނެވެ.
“މަންމާ!….” ކުއްލިއަކަށް އިވުނު ޒޫރިންގެ އަޑާއެކު ތިންމީހުން ވެސް ދިޔައީ ސިހިގެންނެވެ. ރޭޝްމާ އަވަސްއަވަހަށް ދެ ލޯ ފުހެލިއެވެ. ތަހުސީނަށް އިންތަނުން ތެދުވެވުނެވެ.
“ރީންއަށް ނުވާނެ އެއްގޮތެއް ވެސް. ދޯ ރީން. އަހަރުމެންގެ ރީންއާ އިންނާނެ ކިތަންމެ ފިރިހެންކުދިންނެއް ވާނެ” ހަޤީޤަތް ނޭނގި ހުރި ތަހުސީނު މަސައްކަތްކުރީ ޒޫރިންގެ ހިތްހަމަޖައްސާ ދިނުމަށެވެ. އެހެންނަމަވެސް އިތުރަށް ޒޫރިންގެ މޫނު ހުދުވެގެން ދިޔައެވެ.
“ތަހުސީނު. އީތަންއަށް ޖެހޭނީ މި ކައިވެނިކުރަން. އޭނާއަށް އެހެންމީހަކާ ނީނދެވޭނެ. ތަހުސީނު… އަހަރެންގެ ރީން… އީތަންގެ ދަރިއެއް ރީންގެ ބަނޑުގައި އެވަނީ” ރޭޝްމާއަކަށް ވެސް އިށީނދެގެން ނީނދެވުނެވެ. އަވަހަށް އައިސް ޒޫރިންގެ ގައިގާ އޮޅުލައިގަނެއްޖެއެވެ. ރޭޝްމާ ބުނި އެއްޗަކުން އަޖައިބުވެ އަންތަރީސްވެފައި ހުރި މީހަކުހެން ތަހުސީނަށް ބަލާލެވުނީ ނާޒިލަށެވެ. އިތުރަށް ޔަޤީންކުރަން ބޭނުންވި ކަހަލައެވެ.
“ރީން އާއި އީތަންގެ ދެމެދުގައި އެގުޅުން ވަނީ ހިނގާފައި. އީތަން އެކަމާ ދެކޮޅެއް ނަހަދާ. ކައިވެންޏަށް ތައްޔާރުވީ އީތަން މި ކައިވެނިކުރަން ޤަބޫލުވީމާ، އެކަމަކު އޭނާ ރީންގެ އަތުގައި ހިފުމުގެ ބަދަލުގައި ދުނިޔެއަށް ފަޟީޙަތްވުމަށް އެ ދޫކޮށްލީ. މިރޭ އޭނާ އެވަނީ ގޮތް ނިންމާފައިކަން އެނގިއްޖެ. އެހެންނޫންނަމަ އެހެން އަންހެނަކާ އިންނަން އޭނާ ނުދިޔައީސް” ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ހުރެ ނާޒިލު ބުނެލިއެވެ. ތަހުސީނުގެ މޫނުމަތިންފެންނަނީ ބިރުވެރިކަމެވެ. ކަންފަތުގައި ނާޒިލުގެ ވާހަކަތައް ގުގުމަމުން ދިޔައެވެ. ލޯކުރިމަތީ މާޒީ އިޔާދަވާންފެށި ކަހަލައެވެ. އަނެއްކޮޅުން އީތަންއާ މެދު ދެކެވުނު ގޮތް މުޅިން ބަދަލުވިއެވެ. ޒޫރިންއަށް ބަލާލިއިރު ކަޅިވެސް ޖަހާލުމެއްނެތި އޭނާގެ ނަޒަރު އަމާޒުވެފައި ހުރީ ނާޒިލްއަށެވެ. ބޭރުފުށުން އަނިޔާއެއް ނުފެނުނެއްކަމަކު އޭނާގެ މޭގައިވާ ހިތުގެ ނާރުތައް ބުރިބުރިވަމުން ދިޔައެވެ. އެ ހިތްދަތިކަމާއި ވޭނަށް ލަފްޒުތަކެއް ނުވާ ކަހަލައެވެ. ހިމޭންވެފައި ހުރި އިރު ބުދެއް ފަދައެވެ.
“އީތަންއަށް އެހެން ކަންތަކެއް ނުކުރެވޭނެ. އަހަރެން އޭނާ ގެންނާނަން… ރޭޝް. އަހަރެން އީތަން ގެންނާނަން. ހަމަ މިހާރު މިގުޅަނީ… އެކައިވެނި ކުރިޔަސް އޭނާ ޖެހޭނީ ރީންއާ އިންނަން” ތަހުސީނު އައިސް ޒޫރިންގެ ބޮލުގައި އަތްބާއްވާލީ އޭނާގެ ބަހުގެ ޔަޤީންކަން އެ ދެމައިންނަށް ދިނުމަށެވެ. އަދި ހަޤީޤަތް އެނގުމުން ޒޫރިން އާއި އީތަން ގުޅުވަން ތަހުސީނު ނުހަނު ބޭނުންވިއެވެ. ކޮންމެ ހާލެއްގައި ވިޔަސްއެވެ.
އެންމެންގެ ބަސްހުއްޓުނީ ތަހުސީނުގެ އަތުގައި ޒޫރިން ހިފުމުންނެވެ. އެ ދެލޮލުން ބުނަންބޭނުންވަނީ ކީކޭކަމެއް ނޭނގެއެވެ. އެހެންނަމަވެސް މަޑުމަޑުން ދެފަރާތަށް ބޯހޫރާލިއެވެ. ބަސްބުނަން ހުޅުވާލި ދެތުންފަތުގައި މަޑު ތުރުތުރެއްވިއެވެ. ޒޫރިންގެ ހިތުގައިވަނީ ކީކޭކަމެއް އެކަކަށް ވެސް ނޭނގެއެވެ.
“އީތަން ހޯދަން ނުދޭ…” ޒޫރިން މަޑުމަޑުން ބުނެލިއެވެ. ނަމަވެސް ޒޫރިންގެ ވާހަކަ އަޑުއެހުމަށްވުރެ ތަހުސީނު ހުރީ ރަނގަޅުގޮތް ޚިޔާރުކުރުމަށް ބޭނުންވެފައެވެ. އީތަންގެ ދަރިއަކަށް ޒޫރިން ބަލިވެ އިނުމަކީ އެކަމުގެ ޒިންމާ އީތަން ނަގަންޖެހޭނޭ ކަމެކެވެ. ފޯނުގެ ނަންބަރުތަކަށް ފިތަމުންދިޔަ ތަހުސީނުގެ ފައިބުޑަށް ތިރިވެ އޭނާގެ ފައިގާ ދެއަތުން ޒޫރިން ހިފަހައްޓާލިއެވެ. އެހިނދު ރޭޝްމާއަށް ވެސް ދަރިފުޅާއެކު ތިރިވެވިއްޖެއެވެ. އަދި ޒޫރިންގެ ކޮނޑުގައި ހިފާ އޭނާ ނަގަން މަސައްކަތްކުރިއެވެ. އެތަން ބަލަން ހުރެފައި ތަހުސީނު ގުދުވެ ޒޫރިން ނެގިއެވެ.
“ރީން. އީތަން ނައުމުން ވާނޭގޮތް އެނގޭތަ؟” ތަހުސީނު ކުރި ސުވާލަށް ޒޫރިން ބޯޖަހާލިއެވެ.
“ގަދަކަމުން ކައިވެނިކުރާކަށް ބޭނުމެއްނޫން. އެނގޭ ދެންވާނީ ކިހިނެއްކަން. މަންމާ. އަޅުގަނޑާއެކު މަންމަ ހުންނާނަމެއްނު. …އަބަދުވެސް ހުންނާނަމެއްނު. އީތަން އަންނަން ބޭނުންނުވީމަ ކީއްކުރަން އޭނާ ގަދަކަމުން ގެންނަނީ. މަންމަ ވެސް އަޅުގަނޑު ބެލީ ބައްޕައަކާ ނުލައެއްނު. އަޅުގަނޑަށް ވެސް ވާނެ…. ހުރިހާކަމެއްގައި އެހީވާން މަންމަ ހުންނާނަމެއްނު… މަންމަ ހުރިއްޔާ ރީންއަށް ހިތްވަރުލިބޭނެ…” ހިފަހައްޓަން މަސައްކަތްކުރާއިރު ވެސް ޒޫރިން ވާހަކަދައްކަމުން ދިޔަ ވަރަކަށް އެ ލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. ރޭޝްމާ ދަރިފުޅުގެ ގައިގާ އޮޅުލައިގަތެވެ. އިތުރަށް ޒޫރިންއަކަށް ވެސް ވާހަކައެއް ނުދެއްކުނެވެ. ހިފަހައްޓަމުންދިޔަ ކަރުނަތައް ލޮލުން ފައިބަންފެށުމާއެކު ދެއަތުން ފުހެންފެށިއެވެ. ވާހަކަދައްކަން އުޅެއުޅެ އަނގައިންނެއް ނުބުނެވުނެވެ. ހަމަރޮވެނީއެވެ. ތަހުސީނުގެ ހިތަށް ކުރި އަސަރާއެކު ޒޫރިން އާއި ރޭޝްމާ ގެނެސް އެއަތުގެ ތެރޭ ބޮނޑިކޮށްލިއެވެ. އެހިނދު ހިތާއި ސިކުނޑީގައި އުފެދިގެން ދިޔައީ ފަރިޔާލުގެ ޚިޔާލެވެ. ތަހުސީނު އެނބުރި ނައުމުން ފަރިޔާލު ރޯނެ ރުއިމެވެ. މާފު ހައްގުނުވާވަރު ކުށެއްކަން ކުރެވުނީ ތަހުސީނުގެ ޟަމީރު ގޮވާލިއެވެ.
ދުރުގައި ހުރި ނާޒިލަށް އޭނާގެ ނިތްކުރީގައި އަތްހާކާލެވުނެވެ. ޒޫރިންއަށްޓަކައި އީތަން ހޯދާ ނުދެވުނެއްކަމަކު އޭނާ އީތަންއަށް މަޢާފެއްނުކުރާނެއެވެ. އެކަމަކު ކުރެވޭނޭކަމެއް ނެތެވެ. ޒޫރިން ހިތްހަމަނުޖެހޭ ކަމެއް އޭނާއެއް ނުކުރާނެއެވެ. މިވަގުތު އޮތީ ޒޫރިންއަށް ހިތްވަރު ދިނުމެވެ. އުމުރުގެ ހަގުކަމާއި ދުނިޔެ އެކުއްޖާއަށް ކުރިމަތި ކުރުވާނޭ ދަތި ދުވަސްތަކަށް ކުރިމަތިލާއިރު އޭނާއަށް އޯގާތެރިކަމާއި ލޯބި ބޭނުންވާނެކަން ނާޒިލަށް އެނގެއެވެ. އެވަގުތުގައި ޒޫރިންއަށް އެހީވާން ތިބީ މިހާރު ޒޫރިންގެ ވަށައިގެން ތިބި މީހުން އެކަންޏެވެ.
އެންމެންގެ ހޯބޯލެވުމުގެ އަޑުފަށްގަނޑާއެކު މުޅި މާހައުލު ގުގުމައިގެން ދިޔައެވެ. ހަމައެއާއެކު އަތްތިލަބަޑީގެ އަޑު ވެސް އެކުވެގެން ދިޔައެވެ. ހަތަރު ފަރާތުން ހުޅުވާލެވިފައިވާ ފޭލިގޭގެ މެދުގައި އީތަން އާއި ޖަޒްލާ ހުއްޓިލައިގެން ތިއްބެވެ. އީތަންއާ އިންނަން ޖަޒްލާ ރަންކިޔައިފިއެވެ. މީހުންގަނޑުގެ އަޑުތައް ގަދަވެގެން ދިޔައީ އެހެންވެއެވެ. ލަދުވެތި ހިނިތުންވުމަކުން ހެވިލާފައި ޖަޒްލާ އިން އިރު އީތަންގެ މޫނުމަތިން އެއްވެސް ޝުޢޫރެއް ފާޅެއް ނުވެއެވެ. ދެ ޒުވާނުންގެ ޢާއިލާގެ މެންބަރުން އެމީހުންގެ ދެފަރާތުގައި މަޑުކޮށްލައިގެން ތިއްބެވެ.
ޖަޒްލާއަށް ދުރުގައި ހުރި ކައިލަން ފެނުމުން އަތުން ހަނާ އަޅާލީ އޭނާގެ ގާތަށް އައުމަށެވެ. ކައިލަންއަށް އާދެވުނީ ވަރަށް ލަހުންނެވެ. އޭރު ހަފްލާގެ އެންމެ މުހިންމު އައިޓަމް ވެސް ނިމިއްޖެއެވެ. ޖަޒްލާގެ ގާތަށް އައިސް ހުއްޓިލަމުން ކައިލަން ބަލާލީ އީތަންއަށެވެ. ނަމަވެސް ޝައުގުވެރިކަމެއް ނެތް ފަދަ ގޮތަކަށް އީތަން ބަލާލާފައި ހިނގައިގަތީ އަތިރިމައްޗާ ދިމާއަށެވެ.
“އީތަންއަށް ޖޭޒް ނުގެއްލޭނޭކަން ޔަޤީންވީ ދޯ…” އީތަން އެއްޗެއް ނުބުނެ ދިއުމުން ކައިލަން ބުނެލިއެވެ.
“އާދެވިއްޖެ ދޯ. އީތަންދެކެ ހިތްހަމަނުޖެހިގެންތަ ބެސްޓްފްރެންޑުގެ ދަޢުވަތައް ވެސް ކުރީބައިގައި ނާދެވުނީ” ޖަޒްލާ ޝަކުވާކޮށްލިއެވެ.
ޖަޒްލާ އާއި ކައިލަން ވާހަކަދައްކަން ތިބިތަން ރާބިއާ ފެނި އީތަން ކޮބާތޯ ހޯދާލިއެވެ. ލައިގެން ހުރި ފަޓުލޫނު ކަށިމައްޗާ ހަމައަށް އޮޅާލައިގެން ރާޅުޖަހާ ހިސާބުގައި މަޑުކޮށްލައިގެން ހުރި އީތަން، ރާބިއާއަށް ފެނުނީ އިރުކޮޅެއް ފަހުންނެވެ. ގިނަމީހުން އެއްވެފައި ތިބޭ ތަންތަނުގައި އުޅެން އުނދަގޫވާ ރާބިއާ، މާމަ ދަރިފުޅުގެ ގާތަށް ލަސްހިނގުމެއްގައި އައިސް މަޑުކޮށްލިއެވެ.
“މާމާ” ރާބިއާ އައިސް ހުއްޓިލުމާއެކު އީތަން ހައިރާންވެފައި ގޮވާލިއެވެ.
“އެންމެންނާ ދުރުގައި ކީއްކުރަނީ؟ ޖަޒްލާ ވާހަކަދައްކަން އެ ހުރީ ކޮންކުއްޖަކާތަ؟”
“އެއީ ޖޭޒްގެ ބެސްޓްފްރެންޑް. މާމާ… މިތާ ހުންނަނީކޮށް މާބޮޑަށް ފިނިވެދާނެ” ރާބިއާއާ ދިމާއަށް އެނބުރިލާ އޭނާގެ އެއްކޮނޑުން ތިރިއަށް ސޮހިފައި އޮތް ޝޯލްނަގާ ކޮނޑުގެ ދެފަރާތުން އީތަން އަޅުވާލަދިނެވެ.
“މާމަ ކުރި ސުވާލުގެ އެއްބަޔަށް ތި ޖަވާބުދިނީ. މިހާރު ތިއުޅެނީ މުޅިން ވާހަކަ ބަދަލުކޮށްލަން. އީތަން… ދަރިފުޅުގެ ހުރިހާ ވާހަކައެއް މާމަ އަޑުއަހަމެއްނު. އެހެންވީމަ އެއްވެސް ކަމެއް ބުނަން ބޭނުންވެފައި ނުބެނެ ނުހުންނައްޗޭ” އީތަންގެ މޫނުމަތިން ތަފާތުކަމެއް ރާބިއާއަށް ފާހަގަކުރެވިގެން ދިޔައެވެ. ޖަޒްލާ އާއި ކައިވެނިކުރެވެން އުޅޭއިރު އޭނާ އެކަމުން މަނާވެ ނުގަނެއެވެ. އެހެންނަމަވެސް އެ އުމުރުގެ ފިރިހެންކުއްޖެއްގެ ފަރާތުން ފެންނަން ޖެހޭ އުފާވެރިކަމާއި ޖޯޝެއް އީތަންގެ ފަރާތުން ނުފެނެއެވެ. ބޮޑު ފިކުރެއް އޭނާ ކުރާ ކަހަލައެވެ. ނަމަވެސް އެއް އިންސާނަކަށް އަނެއް އިންސާނާގެ ހިތުގައިވާ އެއްޗެއް ނޭނގޭނެއެވެ. އެހެންވެ ރާބިއާއަކަށް ވެސް އީތަން ސިއްރުކުރާކަމެއް ނޭނގެއެވެ. އަދި ސިއްރުކުރާވަރު ކަމެއް އީތަންގެ އޮވެދާނެކަމަކަށް ވެސް އޭނާއަކަށް ޤަބޫލެއް ނުކުރެވެއެވެ.
“މިތާ ނުހުރެ ދެން ހިނގާ. މިހާރު ރަން ވެސް ކިޔުނީ. ދެން އޮތީ ކައިވެނި. މިހާރުއްސުރެން ޖަޒްލާއާއެކު ދަރިފުޅު އުޅެން ދަސްކުރަންވީ” ސަމާސާ ގޮތަކަށް ރާބިއާ މިހެން ބުނެ އީތަންގެ އަތުގައި ހިފާލިއެވެ. އަސަރެއްނުވާ ހިނިތުންވުމެއް ރާބިއާ އާ ބަދަލުކޮށްލަމުން އީތަން އޭނާގެ މާމަގެ އަތުގައި ފިރުމާލާފައި އެނބުރި މީހުންގަނޑުގެ ތެރެއަށް އައެވެ.
“ބަލާބަލަ، އަޅެ އީތަންގެ މޫނުން ހިވޭތަ އޭނާ އުފާވެފައި ހުރިހެން” ފޭލިގެ ތެރޭގައި ޖަޒްލާ އާއި އީތަންގެ އިތުރުން ދެ ފަރާތުގެ ޢާއިލާއަށް ޚާއްޞަކުރެވިފައި ހުރި މޭޒުތަކުން މޭޒެއްގެ ދޮށުގައި ޖަޒްލާއާއެކު އިން ކައިލަންއަށް އެމީހުންނާ ދިމާއަށް އަންނަ އީތަން ފެނުމާއެކު ބުނެލިއެވެ.
“ދެން ކައިލް… ތި ދެމީހުން ފައިޓުނުކޮށް ޕީސް ހަދާބަލަ. އީތަން ވެސް އެހެރީ ހިތްހަމަނުޖެހިފައެއްނޫނޭ. މިތާ މީހުން ގިނަކަމުން އޭނާ އެއުޅެނީ. އެނގެއެއްނު އެހާ މީހުން ގިނަ ތަންތަނަކު އޭނާއަކަށް ނުހުރެވޭނޭކަން” ޖަޒްލާ ބުނެލިއެވެ.
“މިހާ އަވަހަށް އީތަންގެ ދިފާއުގައި ވަކާލާތުކުރަން ފެށީ ދޯ… އިނީމަ ކިހާވަރަކުންބާ ދާނީ. އީތަންގެ ހުރިހާކަމެއް ފޮރުވަން ކަރެކްޝަން ޕެންއަކަށް ވެގެން ދޯ އުޅޭނީ”
“ފިރިއަކަށް ވިޔަސް ގޯސްކަމަކަށް އަހަރެންގެ އެއްބާރުލުމެއް ނުލިބޭނެ. އަދި ނުބައިކަމެއް ކުރުމުން އެކަން ފޮރުވާނެ އަނތްބަކަށް މަށެއްނުވާނަން”
“މިހާރު ތިހެން ބުނާނެ. އިނީމަ ނުކުރޭނެ ގަދަވެލާކަށް. ފިރިމީހާ ހެދިހާ ގޮތެއް ހެދިގެން ރޯލަރޯލާ އިނުން ނޫންކަމެއް ނުވާނެ. މީ ހަމަ ގިނަ އަންހެނުންނަށް ވާގޮތޭ….”
“އަހަންނަކަށް ނުވާނެ. ސީރިއަސްކޮށް މިބުނީ… މިހެން ބުންޏަސް ހުންނާނެ އިނދެގެން ތިބީތީ ދެވަނަ ފުރުޞަތެއް ދޭންޖެހޭ ކަންކަން ވެސް، އެކަމަކު ބައެއްކަންކަމުގައި ޖޭޒް ބުނާނީ ހަމަ ނޯ ޗާންސްއޭ. ކިތަންމެ ގިނަދުވަސްވީ ރިލޭޝަންޝިޕެއް ނަމަވެސް، ކިތަންމެ ލޯބިޔަސް… ނޯ ވޭ… ދެނެއް އެކުގައި ހުންނާކަށް އެންމެ ހިނދުކޮޅަކަށް ވެސް ބޭނުމެއްނުވާނެ… އެނީވޭސް އެފަދަ ދުވަހެއް ދުށުމަކަށް ދުވަހަކު ވެސް ބޭނުމެއްނޫން. އަދި އެފަދަ ދުވަހެއް އިރާދަކުރެއްވިއްޔާ ނުވެސްދައްކަވާނެ”
“ޗިލް ޑިއަރ… އެހާ ސީރިއަސްކޮށް ބުނެލި އެއްޗެއްނޫން އެއީ. އައި އޭމް ހެޕީ ފޯ ޔޫ… ކޮންގްރާ…”
ކައިލަން ހިނިތުންވެލަމުން ޖަޒްލާގެ އަތްތިލައިގައި ހިފާލީ އެ ދިމާއަށް އައިސްއައިސް ހުރި އީތަންއަށް އެ މަންޒަރު ފެންނާނޭ ހެންނެވެ. އެހެންނަމަވެސް އީތަންގެ ފަރާތުން އެއްވެސް އަސަރެއް ފާޅެއް ނުވިއެވެ. އޭނާ އައިގޮތަށް އައިސް ޖަޒްލާ މޭޒު ދޮށުން ގޮނޑިއެއް ދަމާލާފައި އޭގައި އިށީނދެއްޖެއެވެ. އަދި ހަފްލާގައި ހަރަކާތްތެރިވަމުންދާ މީހުންގަނޑުގެ ތެރެއަށް ކަޅި ހިންގަންފެށިއެވެ. އީތަންގެ އެއްވެސް ޝައުގުވެރިކަމެއް މޭޒުދޮށުގައި ތިބި ކައިލަން އާއި ޖަޒްލާއަކަށް ނެތެވެ. އެކަމާ އެންމެ ހައިރާންވީ ޚުދު ކައިލަންއެވެ.
ޒޫރިންގެ ލޮލާއި ކޯތާފަތް ރޭޝްމާ ދެއަތުން ފުހެލިއެވެ. އަދި ދަރިފުޅުގެ ގާތުގައި ނުރުއިމަށް ބުނަމުން ދިޔައިރު ޚުދު އޭނާއަށް ވެސް އަމިއްލަ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ހިފެހެއްޓޭ ގޮތެއް ނުވިއެވެ. މިވަގުތު އޭނާގެ ސިކުނޑިއަށް އެއްވެސް އެއްޗެއް ނުވިސްނެއެވެ. ޒޫރިން ހުއްޓާލަން މަސައްކަތްކުރާތަން ވެސް ފެނެއެވެ. އެހެންނަމަވެސް އޭނާގެ ހިތަށްކޮށްފައިވާ އަސަރު އެންމެނަށް ބޭޒާރުވަމުންދިޔައެވެ.
“ރީން… ހިތްވަރުކުރޭ… މިއަދު ތީ ވަރަށް ހިތްވަރުގަދަ ކުއްޖަކަށްވާން އެބަޖެހޭ. ހިތްވަރުކުރުން ނޫންގޮތެއް މިއަދަކު ނެތް، ރަނގަޅު މަގު ޚިޔާރުކޮށް ދުނިޔެއާ ކުރިމަތިލާން ދަސްކުރަންވީ ވަގުތު ޖެހިއްޖެ. ރީން… ރަނގަޅު މަގު ޚިޔާރުކުރާ ކުއްޖަކަށް ދެރައެއްނުލިބޭނެ. ﷲއަށް ތަޢުބާވެ މިއަދު ލިބުނު ފިލާވަޅުން އިބްރަތްލިބިގަންނަންވީ. މިފަދަ ކަމެއް އިތުރަށް ތަކުރާރުނުކުރުމަށް އަޒުމު ކަނޑައަޅަންވީ. އީތަންއަށްވުރެ ހުރިހާ ގޮތަކުން ވެސް މާ ފުރިހަމަ ޒުވާނަކު ރީންއަށްޓަކައި ﷲ އިރާދަކުރައްވާފާނެ. އެހެންވީމަ އެކަލާނގެ މިންވަރުކުރެއްވި ގޮތާމެދު ޝުކުރުކުރަންވީ….ރީން… ނުރޮއެ ދެން…” އޯގާތެރިކަމުން ފުރިގެންވީ ގޮތަކަށް ޒޫރިންގެ ދެއަތްތިލައިގައި ހިފާލައިގެން ހުރެ ވާހަކަދެއްކިއެވެ. އަދި ދަރިއަކު ފަދައިން ޒޫރިންގެ ގެނެސް މޭގައި ޖައްސާލުމާއިއެކު އޭނާގެ ބޮލުގައި ފިރުމާލާފައި ބޮސްދިނެވެ.
“ރޭޝް، ދޭ އޭނާގެ ހެދުން ބަދަލުކުރުވަން. އެ ހެދުން ދެން އޭނާ ނުލައްވާތި. މިވަގުތު އެންމެ ރަނގަޅުވާނީ ފެންވަރާލައިގެން ނިދާލުން. ރީންއަށް ނިދެންދެން ރޭޝް އޭނާގެ ގާތުގައި މަޑުކޮށްލާ. އަހަރެން ސިޓިންރޫމުގައި މަޑުކޮށްލައިގެން އިންނާނަން” ޒޫރިންގެ ކޮނޑުގައި ދެއަތުން ހިފަހައްޓާލަމުން ތަހުސީނު ވާހަކަދެއްކީ ރޭޝްމާއާއެވެ. އޭނާ އަވަސްއަވަހަށް ދެ ލޯ ފުހެލާފައި ބޯޖަހާލަމުން ޒޫރިން ގޮވައިގެން އޭނާގެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ.
“އީތަން ގަސްދުގައި ހަމަ ލަނޑެއްދިނީ. އޭނާއަށް އޮޅިފައެއްނޯންނާނެ ރީންއާ ކައިވެނި ނުކޮށްފިއްޔާ އެކުއްޖާ ބޭޒާރުވާނެކަން” ރުޅިވެރިކަމާއެކު ނާޒިލު ބުނެލިއެވެ. އޭރު ރޭޝްމާގެ ކޮޓަރިތެރޭ ތިބީ ނާޒިލު އާއި ތަހުސީނު އެކަންޏެވެ.
“އީތަން ގެނެވިދާނެ، އެކަމަކު ރީން ދެން ކައިވެނިކުރާނެތަ؟ މިރޭ މީ އޭނާ ރުހުމުގައި އަންނަންޏާ އަންނަންވީ ރޭ. މިރޭ އޭނާ ނައުމުން ރީންއަށް ވީގޮތް ނާޒިލަށް ނުފެނޭތަ. އޭނާ އީތަންދެކެ އިންތިހާއަށް ލޯބިވާކަން އަހަންނަށް ބުނަން އެނގޭ. އެކަމަކު އަހަރުމެން އީތަންއަށް މަޖުބޫރުކޮށްގެން ގެނައުމުން އެފަދަ ލޯއްބެއް އީތަންގެ ފަރާތުން ރީންއަށް ލިބިދާނެތަ. ރީން އެ ބުނާ ވާހަކައަކީ އެއީ… އޭނާ ބޭނުންވަނީ އީތަން އޭނާދެކެ ލޯބިވާން. ރީންގެ ބަނޑުގައި އުފެދެމުން އެއަންނަ ގަނޑުލޭކޮޅަކީ އީތަންގެ ލޭކަން ޚުދު އީތަން އަމިއްލައަށް އައިސް އެއްބަސްވާން. އެކަމުގެ ހައްޤުގައި ވިޔަސް ހެޔޮހިތުން ރީން ޤަބޫލުކުރުން. އެކަން އެގޮތަށް ނުވާނޭކަން އެނގޭއިރު އީތަން ގެނެސްގެން އަހަރުމެން ކުރާނީކީއް؟ ރީންގެ ނިންމުމަށް އަހަރެން އިޚްތިރާމްކުރަން. އަދި އޭނާގެ އިހުސާސްތައް ވެސް މިއަދު އަހަންނަށް އިހުސާސްކުރެވޭ. ކިތަންމެހާ ވެސް ކަންބޮޑުވެ ހާސްވޭ. އެހާ ޅައުމުރެއްގައި އެފަދަ ކަމެއްގައި ރީން ފަޟީހަތްވެގެންދާތީވެ. މީހުންނާ ކުރިމަތިލުން އޭރުން ފަސޭހައެއްނުވާނެ”
“އަހަރުމެންނަށް ކުރެވޭނޭ އެއްކަމެއް ވެސް ނެތީތަ؟” ނާޒިލު ނާއުންމީދުވާކަށް ނޭދެއެވެ.
“އާން ނާޒިލު. މި ނޫން ގޮތެއްނެތް… ރީންއަށް އީތަންއެއް ނުލިބޭނެ. އެހެންއަންހެންކުއްޖަކު އަނތްބަކަށް އޭނާ އެވަނީ ޚިޔާރުކުރަން ނިންމާފައި. އެ ދެމެދަށް ރީން ވައްދަން ނޫޅޭ. ނިކަން އެކުއްޖާއަށް ވާނޭ ގޮތާ މެދު ވިސްނާލަބަލަ. އޭނާގެ ނަޒަރުން މި ހުރިހާ ކަމަކަށް ވިސްނާލަބަލަ. ނާޒިލްއަށް ހީވަނީތަ…. އަހަރެން ވެސް ބޭނުން އީތަންގެ ލަފުގައި ހިފާ ގެނެސް ރީންގެ ފައިބުޑަށް ވައްޓާލަން. އެކަމަކު އެއީ ރީންއަށް އެންމެ ރަނގަޅު ގޮތްކަމުގައި ވާނެތަ؟”
ނާޒިލު އިތުރަށް އަނގައިން ނުބުންޏެވެ. ކޮޓަރިތެރޭ ދެކޮޅަށް ހިނގަމުން ދިޔައިރު އޭނާގެ ލޯ ވެސް ވަނީ ފެންކަޅިވެފައެވެ. ޒޫރިންއާ މެދު ހިތްބިރުގެންފައިވެއެވެ. ލޮލަށް ކަރުނަ ޖަމާވުމުން ނާޒިލުގެ ގާތަށް އަންނަނީ ރުޅިއެވެ. ހުރިހާ ރުޅިވެރިކަމެއް ބާލާލަން ބޭނުންވަނީ އީތަންއަށެވެ. ނަމަވެސް ތަހުސީނުގެ ވާހަކަތައް ޤަބޫލުކުރެވެއެވެ. ޒޫރިންއަށް އިތުރު ހިތާމައެއް ދޭކަށް ނާޒިލަކަށް ކުޅަދާނައެއްނުވާނެއެވެ. ދެކޮޅަށް ހިނގަމުން ދިޔަ ނާޒިލުގެ ކޮނޑުގައި ތަހުސީނު އަތްޖައްސާލުމުން ހުއްޓުނެވެ. އެހިނދު ތަހުސީނު ބޯޖަހާލި ގޮތުން ހީވީ ނާޒިލުގެ ހިތުގައިވާ އެއްޗެއް އޭނާއަށް އެނގޭ ބުނެލި ހެންނެވެ. ދަތްތައް ބާރުކޮށްލަމުން ނާޒިލު ދެ ބުމަ ގޮއްޖަހާލިއެވެ. ތަހުސީނު ހިނގައިގަންނަމުން ނާޒިލުގެ ކޮނޑުގައި ބާއްވާލި އަތުން އޭނާ ވެސް އައުމަށް ބާރު އެޅިއެވެ.
ރަސްމިއްޔާތު ނިންމާލާފައި އެންމެނަށް މާލެ އާދެވުނީ ދަންވަރުގެ ވަގުތުގައެވެ. މާލެއަށް ފޭބުމާއެކު ވަގުތުގެ ގޮތުން ދެ ޢާއިލާ ވެސް ސަލާންގިލާން ކުރުމުގައި އަވަސްއަރުވާލާފައި ގެއާ ދިމާއަށް މިސްރާބުޖެހިއެވެ. އީތަން ވެސް އަވަސްވެގަތީ އޭނާގެ ޢާއިލާއާއެކު ގެއަށް އައުމެވެ. އީތަންގެ ހަރަކާތްތަކަށް ފާރަވެރިވެ ކައިލަން ހުރިކަމެއް އޭނާއަކަށް ނޭނގެއެވެ. ޖަޒްލާއާ އިންނަން ރަންކިޔުވުމަށްފަހު ވެސް އީތަންގެ މޫނުމަތިން އުފާވެރިކަމެއް ނުފެނެއެވެ. ޖަޒްލާއާ ހެދި އުޅޭތަނެއް ވެސް ނުފެނެއެވެ. މިކަންކަމާ ކައިލަން ހުރީ ހައިރާންވެފައެވެ. އެހާ ދުވަހު ލޯބިން އުޅެފައި ކައިވެނި ކުރަން ނިންމާ އެކަންވާނޭކަން ޔަޤީންވުމުން ވެސް އީތަން އުފާ ނުވާންވީ ސަބަބެއް ކައިލަންއަކަށް ނުވިސްނުނެވެ. ޝައުން އައިސް އީތަންގެ ކޮނޑުގައި އަތްއަޅުވާލައިގެން އޭނާ ވެސް ދިޔައީ އީތަންގެ ޢާއިލާއާއެކުއެވެ.
އެންމެ އިރުކޮޅަކަށް ރޭޝްމާ އޭނާގެ ދަރިފުޅާ ދުރަށް ނުދެއެވެ. ޒޫރިންގެ ގާތުގައި އެނދުގައި އަރާ އޮށޯވެލައިގެން އޮއްވާ އޭނާއަށް ނިދުނީއެވެ. ނަމަވެސް ލޯމަރާލައިގެން އޮތް ޒޫރިންއަކަށް ނުނިދުނެވެ. ތަހުސީނު ވެސް އޮތީ ސޯފާގައި ހަށިގަނޑު ދަމާލައިގެންނެވެ. އެގެއިން ނުކުންނަ ވަގުތާ ރޭޝްމާގެ ދެމެއިންނަށް ކަމެއް ވެދާނޭތީ ކަންބޮޑުވެފައެވެ. އެހެންވެ މިރޭ ގެއަށްދާން ވެސް އޭނާ ބޭނުމެއްނޫނެވެ. ނާޒިލު ވެސް ދެން ހުރި ސޯފާގައި ކުރުގެޅިލައިގެން ކަހަލަ ގޮތަކަށް އޮތެވެ. މުޅި ގޭތެރެ ހިމޭންވެފައި ވެއެވެ. ކައިވެނިކޮށް ނިމުމުން ކުޑަ ސަޔެއް ބޭއްވުމަށް ގެނައި ހެދިކާތައް ތަބަށްތަކުގައި އެތުރި ގޮތަށް ބަދިގޭގެ ތިރީ ކަބަޑުސެޓުމަތީ ހުއްޓެވެ. އެކަކު ވެސް ރޭގަނޑުގެ ކެއުމަކާ ނޫޅެއެވެ. ކޮންމެ މީހަކު އެމީހެއްގެ އަމިއްލަ ޚިޔާލަކަށް ގެއްލިފައި ތިބީއެވެ.
ފަތިސް ނަމާދަށް ގޮވި ވަގުތާއެކު ތަހުސީނުގެ ފޯނުން ބަންގިގޮވަންފެށިއެވެ. އެ އަޑަށް ނިދިފައި ތިބި ތަހުސީނަށާއި ނާޒިލަށް ސިހިފައި ހޭލެވުނެވެ. އެއާއެކު ތަހުސީނު ފޯނުން ބަންގީގެ އަޑުމަޑުކޮށްލާފައި ތެދުވެ ސޯފާގައި އިށީނެވެ.
“ނާޒިލު، ނަމާދުކޮށްލަން ދާންވީނު” ނިދީގެ އަސަރުއެކުލެވިފައިވާ އަޑަކުން މަޑުމަޑުން ތަހުސީނު ބުނެލިއެވެ. އެހެންނަމަވެސް ނާޒިލު އެއަޑު އިވޭ ކަމަކަށް ނުހަދައެވެ. އޭނާ އަނެއްކާ ވެސް ލޯ މަރާލީއެވެ.
ޒޫރިންގެ ކޮޓަރީގައި ތަހުސީނު ޓަކި ޖަހާލާފައި ރޭޝްމާއަށް ގޮވާލިއެވެ. ހޭލާ އޮތް ޒޫރިން ތެދުވަން އުޅުނު ވަގުތު އޭނާގެ އަތްމަތީ އަތްބާއްވާލައިގެން ނިދިފައި އޮތް ރޭޝްމާއަށް ހޭލެވުނެވެ. ހަމައެވަގުތު ތަހުސީނުގެ ޓަކިޖެހުމާއިއެކު އޭނާ ގޮވާ އަޑު ވެސް އިވުނެވެ. އަވަސްއަވަހަށް އެނދުން ފައިބައިގެން އައިސް ކޮޓަރީގެ ދޮރު ރޭޝްމާ ހުޅުވާލިއެވެ.
“އަހަރެން މިދަނީ މިސްކިތަށް، ރޭޝްމާ ވެސް ޒޫރިން ގޮވައިގެން ނަމާދަށް އަރާލަންވީނު، ފަތިސް ނަމާދަށް ގޮވައިފި” ތަހުސީނު މިހެން ބުނެލިއިރު ރޭޝްމާއަށް ހުއްޓުން އަރާފައި ތަހުސީނަށް ބަލަން ހުރެވުނީއެވެ. މި ނޫނީ އޭނާ ގާތު ނަމާދުކުރުމަށް މީހަކު ނުބުނެއެވެ. ބޮޑުވަމުން އައިއިރު ކޮންމެހެން ދަސްކުރަން ޖެހިގެން ނަމާދުކުރާ އެއްޗެހި ދަސްކުރި ނަމަވެސް ރޭޝްމާއަކީ ނަމާދުކުރާ މީހެއް ނޫނެވެ.
“ކިހިނެއްވީ؟ ދެން ދޭ ރީން ގޮވައިގެން ނަމާދަށް އަރާލަން. އޭރުން އެކުއްޖާގެ ހިތަށް ވެސް ހަމަޖެހުމެއްލިބޭނީ” ރޭޝްމާއަށް ހިނިތުންވެލަމުން ތަހުސީނު ބުނެލިއެވެ. އަދި އެނބުރި އައިކޮޅަށް ހިނގައިގަތެވެ.
ދޮރުލައްޕާލުމާއެކު ރޭޝްމާއަށް ވިސްނަންފެށުނެވެ. އޭނާގެ އަތުގައި ނަމާދު ދޮޅިއެއްނެތެވެ. އަޅުކަމާ ދުރުވެވި ޖާހިލުވެފައިވާ މިންވަރު ހިތަށް ވަދެގެން ދިޔައީ އެވަގުތުއެވެ. ވާޖިބުތަކަށް ފުރަގަސްދިނުމުގެ ސަބަބުން ރޭޝްމާވަނީ މަގުފުރެދިފައެވެ. އަނދިރިކަމުގައި އޭނާ ހޭދަކުރީ ކިތައް އަހަރުހެއްޔެވެ. ލޯބިވާ ދަރިފުޅަށް ހުރިހާ ޢިލްމެއް ހޯދައިދީ ރީތި އަދަބުތައް ދަސްކޮށްދިން އިރު ދީނުގެ އެންމެ އިސް ވާޖިބުތަކަށް އެ ދަރިފުޅު ނުހޭނުނެވެ. އެންމެ ފަހަރަކު ވެސް އެދަރިފުޅު ގާތު ނަމާދެއް ކުރުމަށް ބުނެނުލެވުނެވެ.
ރޭޝްމާގެ އަތުގައި ހިފައި އަލިކަމުގެ ތެރެއަށް މީހަކު އޭނާ ނެރުން ފަދައެވެ. ﷲއަށް ހަމްދުހުއްޓެވެ. ﷲގެ ރަޙުމަތް ލިބިގަތުމަށް ރޭޝްމާގެ ހިތް ފުރަތަމަ ފަހަރަށް ރޯލިއެވެ. ކުރެވުނު ހުރިހާ ކުށެއް އޭނާ ވަށާލައިފައިވެއެވެ. ލަދުވެތިކަމުން އިސްޖަހާލެވުނީ ދެނެވެ. ތަޢުބާވުމަށް އޭނާ ބޭނުމެވެ. އޭނާއާއެކު ޒޫރިން ބައިވެރިކުރަން ބޭނުމެވެ. އަމިއްލަ ފާފަތަކުގެ އިތުރުން ދަރިފުޅަށް އަރައިގަނެވުނު ފާފައަށް އަފޫ ދެއްވާތޯ ޢާލަމްތަކުގެ ވެރިފަރާތަށް ދެއަތް އުފުލާ ދަންނަވަން އޭނާ ބޭނުމެވެ.
“މަންމާ…” ދޮރުގައި ލެނގިލައިގެން ހުރެ ރޭޝްމާ ރޯތަން ފެނި އޭނާގެ ގައިގާ އައިސް ބައްދާލަމުން ޒޫރިން ގޮވާލިއެވެ.
“މަންމައަށް މާފުކުރޭ…” ޒޫރިންގެ ބޮލާއި ބުރަކަށީގައި ފިރުމަމުން ރޭޝްމާ ވާހަކަދެއްކިއެވެ.
“އީތަން ނައުން އެއީ މަންމަގެ ފުށުންވީ ކަމެއްނޫން”
“ދަރިފުޅާ ރީން. މިއަދު މީ އައު ފެށުމަކުން ފަށަންވީ ދުވަސް. މަންމައަށް ދީނުގެ ކަންކަން ދަރިފުޅަށް ދަސްކޮށްދޭން ނޫޅެވުނީތީ އެކަމާ މިއަދު ހިތާމަކުރަން. މަންމައަކީ ވެސް އަޅުކަމައިގެން އުޅުނު އަންހެނެއްނޫން. ނަމާދުކުރި ހަނދާނެއްނެތް. ކުރާ ހަރަކާތްތައް އެނގުނަސް ނަމާދުގައި ކިޔާ އެއްޗެއްގެ އެއްވެސް މިންވަރެއް މަންމަގެ ހަނދާނަކުނެތް. މަންމައަށްވުރެ ބަދުނަސީބު އަންހެނަކު މި ދުނިޔޭގައި ހުންނާނެތަ” ރޭޝްމާ ރޮމުން ވާހަކަދެއްކިއެވެ. ތަހުސީނު އޭނާ ގާތު ނަމާދުކުރުމަށް ބުނުމުން އޭނާ ވެސް ނަމާދުކުރާ ހިތްވިއެވެ. އެކަމަކު އެވަގުތު ނަމާދުކުރާނޭ ގޮތެއް ރޭޝްމާއަކަށް ނުވިސްނުނެވެ.
“މަންމާ. އަޅުގަނޑަށް ބައެއް އެއްޗެހި އެނގޭ. ކިޔަވަން ހުރިއިރު އެކޮޅުގައި އުޅޭ މުސްލިމު ކުދިންނާއެކު ރޯދަ ހިފާ ހަދާއިރު ނަމާދުކުރަން. އަޅުގަނޑަށް އެނގޭ އެއްޗެއް މަންމައަށް ބުނެދޭނަން. މަންމަ ނުރޮއެ… މަންމައަށް އެހީވާން އަޅުގަނޑު މިހުރީނު” ރޭޝްމާގެ ލޯ ފުހެމުން ޒޫރިން ބުނެލިއެވެ. އެއާއެކު ވަކިން ބޮޑަށް ރޭޝްމާއަށް ރޮވިއްޖެއެވެ.
“މި މަންމައަށް ދަރިފުޅު ލިބުނީތީ ﷲއަށް ޝުކުރުކުރަން. ތީ މަންމައަށް ލެއްވި ނަސީބެއް… ބަރަކާތެއް…” ޒޫރިންގެ ނިތްކުރީގައި ރޭޝްމާ ބޮސްދިނެވެ.
ދެމައިން އެކަކު އަނެކަކަށް އެހީވަމުން ވުޟޫކޮށްގެން ފާޚާނާއިން ނުކުތެވެ. ދެމައިންގެ އަތުގައި ވެސް ބުރުގާއެއްނެތެވެ. ޒޫރިން ލާންގުޅޭ ތަނުން ދޫ ހަރުވާޅަކާއި ދިގުކޮށް ހުރި ޓީޝާޓެއް ލިއެވެ. ރޭޝްމާ ވެސް ބޮޑު ޓީޝަޓަކާއި ހަރުވާޅެއް ލިއެވެ. ގިބްލައަށް ކުރިމަތިލުމަށް ތިބެންޖެހޭ ދިމާއެއް ވެސް ރޭޝްމާއަކަށް ނޭނގެއެވެ. ޒޫރިން އޭނާގެ ފޯނުގެ އެހީގައި ހޯދިއެވެ. އަދި ރޭޝްމާގެ އަލަމާރިން ނެގި ދިގު ދޯޕަށްޓާ ފޮތިގަނޑަކުން ރޭޝްމާގެ ބޮލާއި ހަށިގަނޑުގެ ބޮޑުބައެއް ޒޫރިން ނިވާކޮށްދިނެވެ.
“ތި ދޯޕަށްޓާ….” ޒޫރިން ބޮލުގައި އަޅަން ތައްޔާރުކޮށްލި ދޯޕަށްޓާ ފެނިފައި ރޭޝްމާ އެއްޗެއް ބުނަން އުޅުމުން އެކަން ޒޫރިން ހުއްޓުވިއެވެ.
“ނަމާދު ކުރަމާ…” ޒޫރިން ބުނެލިއެވެ. އަދި އޭނާގެ ކައިވެންޏަށް ތައްޔާރުކުރި ހެދުމާއެކު އަޅަން ހަމަޖެހިފައި އޮތް ދޯޕަށްޓާ ބޮލަށް ހެޔޮވަރުކޮށްލުމާއެކު ނަމާދުދޮޅިއެއްހެން އޭގެ ބޭނުން ހިފިއެވެ.
އަރައިގެން އައި އިރުގެ ރަންދޯދިތައް ދުނިޔެމައްޗަށް ފޯރުކޮށްދެމުންދިޔައެވެ. ޓެރެސްގައި މަޑުކޮށްލައިގެން ހުރި ޒޫރިންގެ ގަޔަށް އަވި އެޅެމުން ދިޔައިރު އޭނާއަށް ހޫނުކަމުގެ އިހުސާސެއް ނުވެއެވެ. ކާއެއްޗެއް ކާން ބުނުމުން ވެސް ޒޫރިން ކާކަށް ބޭނުމެއްނުވިއެވެ. އެންމެ ފަހުން ތަހުސީނުގެ އަތުން ޖޫސްތައްޓެއް ބޯލިއެވެ. ރޭޝްމާގެ އެދުމަށް ތަހުސީނު އޭނާގެ ގެއަށް ދިއުމަށް އެގެއިން ނުކުތީ ކަމެއް ދިމާވެއްޖެނަމަ އޭނާއަށް ގުޅުމަށް ބުނެފައެވެ. ކުރިން އިހުސާސް ކުރެވުނު އެކަނިވެރިކަމާއި ޒޫރިންގެ މައްޗަށް ގަނެފައި ހުރި ބިރު ކޮންމެވެސް ވަރަކަށް ކެނޑިގެން ހިނގައްޖެއެވެ. ރޭޝްމާއާއެކު ތަހުސީނު ފަދަ ހަރުދަނާ އޯގާތެރި ފިރިހެނަކު ހުރިކަން ޔަޤީންވާތީއެވެ.
ޖަޒްލާ ގުޅާލުމާއިއެކު އީތަން ފޯނު ނެގިއެވެ. އޭނާ އީތަންގެ ގާތުން އެދުނީ އެގެއަށް އައިސް ދިނުމަށެވެ. ނަމަވެސް އީތަން އެކަން މަނާ ކުރިއެވެ. އުޒުރަކަށް އޭނާ ދެއްކީ ކައިވެނިކުރެވެން އެހާ ކައިރިވެފައި އޮތް އިރު އެހާ ގިނައިން ބައްދަލުކުރަން ނުވާނޭ ކަމެވެ. ނިކަން ފަސޭހައިން ޖަޒްލާ އެކަން ޤަބޫލުކުރިއެވެ. ނަމަވެސް ފޯނުން ވާހަކަދައްކާލަން ޖަޒްލާ ބޭނުންވުމުން އޭނާ ދައްކާ ވާހަކަ އަޑުއަހަން އީތަން އޮތެވެ. ކައިވެނީގެ އެކިއެކި ކަންކަމާ ގުޅޭ ގޮތުން ޖަޒްލާ ވާހަކަދައްކަމުން ދިޔައިރު ފޯނުގެ އަނެއްކޮޅުގައި އޮތް އީތަންގެ މޫނަށް އަރާ ފައިބަމުން ދިޔައީ ފޫހިކަމުގެ ކުލަވަރުތަކެވެ. އެހެން އޮވެފައި ޖަޒްލާގެ ވާހަކަ މާ ދިގުވާން ފެށުމުން ފޯނުކޯލެއް އަންނަނީ ކަމުގައި ބުނެ ޖަޒްލާގެ ފޯނުކޯލު ކަނޑާލިއެވެ.
އީތަންގެ ބޮލުގައި ނުފިލާ ރިހުމެއް ހުއްޓެވެ. އެއްކަމެއް ވެސް އޭނާ ކުރާހިތެއްނެތެވެ. އެނދުގައި އޮތުން ފިޔަވައެވެ. އެހެން އޮންނައިރު އޭނާއަށް ވިސްނެނީ ޒޫރިންއާ މެދުއެވެ. ކައިވެނި ކުރަން އެއްބަސްވެފައި އޭނާއަށް ނުދެވުމުން އެކަމާ އަމިއްލަ ނަފްސު ކުއްވެރިކުރެވޭގޮތްވަނީއެވެ. ރޭޝްމާ އާއި ޒޫރިންގެ ފޯނުކޯލުތައް އައިސްފައި ހުރިކަން ވެސް އޭނާއަށް ފެނެއެވެ. ހިތަށް އެންމެ އުނދަގޫވީ ޒޫރިން ކޮށްފައި އޮތް މެސެޖު ފެނިފައެވެ. ރޭގެ ދަންވަރުގެ ވަގުތުގައެވެ.
“ދުނިޔެމަތިން އިންސާނަކުދެކެ އަހަރެން ލޯބިވީނަމަ ލޯބިވި ހަމައެކަނި އިންސާނަކީތީ. މިއަދު އަހަރެން މިހާލުގައި މިއިނީ އީތަންދެކެ އިންތިހާއަށް ލޯބިވެވުނީތީ… އަހަންނަށް އެނގޭ އަހަރެންގެ ފަރާތުން އީތަން ލޯއްބެއް ބޭނުމެއްނުވާކަން. އެ ލޯބި ބޭނުންވަނީ އެހެން އަންހެންކުއްޖެއްގެ ފަރާތުންކަން. މިރޭ އަހަންނަށްވުރެ އޭނާގެ އަގު ބޮޑުކަން އެނގިއްޖެ. އުފާ ހޯދަން ބޭނުންވީ ލޯބިވާތީއެއްނޫން އެކަމަކު އަހަރެން ލޯބިވާތީ އުފާދިނީ… ބަނޑުގައި މިވަނީ އެ ލޯބީގެ އުފަލުގެ ފޮނުމީރުކަން… ދުވަހަކު ވެސް އަހަރެން އީތަންއަށް ޝަކުވާކުރަން ދާނޭކަމަށް ހީނުކުރާތި. އަހަންނަށް އަހަރެންގެ މަންމަ ފުދޭ. އަދި އަހަރެންގެ ދަރިއަކަށް އިރާދަކުރެއްވިއްޔާ އަހަރެން ފުދޭނެ. ކުޑަދުވަސްކޮޅަކަށް ވިޔަސް އަހަންނަށް އީތަން ދިން ލޯއްބާއި އުފަލައްޓަކައި ޝުކުރިއްޔާ. އަދި ތި ފަށަން އުޅޭ އުފާވެރި ހަޔާތަށް މަރުޚަބާ ކިޔަން” ޒޫރިންގެ އެންމެ ފަހު ލަފުޒުތަކަކީ އެއީއެވެ. އީތަންއަށް އެ މެސެޖު ކިޔުނީ ކިތައް ފަހަރު ކަމެއް ވެސް ނޭނގެއެވެ.
— ނުނިމޭ —