LOABIVAATHEE UFAA DHEYNAMEY [EP-07]

“ޖަލާލުގެ ހުންނަގޮތެއްނޫން އެކުއްޖާގަނޑުގެ ހުންނަނީ. ފޮނިވެފަ ބޮޑާވެފައި ހުންނައިރު ތިމާވަރުގެ މީހެއްނެތޭ އޭނާއަށް ހީވާކަހަލަ. މާމަ އާއި މަންމައަށް ނުވިސްނޭތީ އަޅުގަނޑު ހައިރާންވެއްޖައީން. އީތަންކޮއްކޮއާ އެ އަންހެންކުއްޖާ ނުވެސް ގުޅޭ. އެކަން އެބަ އެނގެއެއްނު. ގެއަށް ވަދެގެން އެ ދިޔަ މީހާގެ މޫނު ދުށީމެއްނު. އެއީ އެ އަންހެނާގެ ޖާދޫއޭ”

“ދެން ހެޔޮ. ތިވާހަކަ ހުއްޓާލާ. އީތަންއަށް އެނގޭނީ އޭނާ ގުޅޭނޭ މީހަކު” ރާބިއާ ވަގުތުން ދެކެވެމުންދިޔަ ވާހަކަ ހޫނު ނުވަނީސް ހުއްޓުވާލިއެވެ.

ގަޑި ބަލަބަލާ އޮވެފައި އީތަން ފޯނު ނަގާ ޒޫރިންއަށް ގުޅާލިއެވެ. ބަރާބަރު ގަޑިން އެކެއް ޖެހީއެވެ. ސިކުނޑި ހަމަޖައްސާލަން އެއަށްވުރެ ރަނގަޅު މަންޒިލެއް އީތަންއަކަށް ނެތެވެ. ބޭކާރު ޝަކުވާތަކެއް ގައިމު ވެސް ޒޫރިން ނުކުރާނެއެވެ. އެ ރީތި މޫނުފެނިލިޔަސް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް އީތަންއަށް އިހުސާސްކުރެވެއެވެ.

“އަންނަން ވެގެންތަ ތިގުޅީ” ފޯނުގެ އަނެއްކޮޅުން ޒޫރިން ވާހަކަދެއްކި އަޑުއިވުނެވެ.

“ނުދާންވީތަ؟” އީތަން އަހާލިއެވެ.

“އީތަން ބޭނުންނަމަ އަންނަންވީ. މިގޭ ދޮރު ދުވަހަކު ވެސް އީތަންއަށް ބަންދެއްނުވާނެ” ޒޫރިންގެ ވާހަކަތަކުގައި ވަރަށް ފުން މާނައެއް އެކުލެވިގެން ވާކަން އީތަންއަށް އެނގެއެވެ. އެހެންނަމަވެސް މިވަގުތައް އޭނާ ބޭކާރު ޚިޔާލުކުރާކަށް ގަސްދެއްނުކުރެއެވެ. ޒޫރިންގެ އިހުސާސްތައް ދެނެގަތުން މުހިންމެއް ވެސް ނޫނެވެ. އަވަސްވެގަނެވުނީ ޒޫރިން ހޯދަން ދިއުމަށެވެ. ސިއްރުން ކޮޓަރިން ނުކުމެގެން އައިސް ސިޓިންރޫމަށް ބޯދިއްކޮށްލިއެވެ. މިރޭ ސުފިޔާނު ވެސް ފެންނާކަށް ނެތެވެ. އީތަން ކޮޓަރީގައިކަން އުޅެނީ އެނގުނީމާ އަވަހަށް ނިދަންވަނީ ކަމަށް ވެދާނެއެވެ. ކޮޓަރީގެ ދޮރުތަޅުލުމާއެކު ތަޅުދަނޑި ލައިގެން ހުރި ސޯޓުގެ ޖީބަށް ލިއެވެ. އަދި ސިއްރުން އަޅަމުން ދިޔަ ފިޔަވަޅުތަކާއެކު އައިދަންގެ ކޮޓަރިއަށް ނަޒަރެއް ދީފައި ސިޓިން ރޫމު ދޮރުން ނުކުތެވެ.

ބުލޫމޫންގެ ދޮރޯށި ހުޅުވާލުމުން އީތަން އެތެރެއަށް ދެމިގަތެވެ. ދެތިން ދުވަހު ނުފެނި ހުރެފައި ޒޫރިން ފެނުމުން އަދިވަކިން ރީތިކަން އީތަންއަށް ފާހަގަކުރެވުނެވެ. ލާފައި ހުރި މަޑުމަޑު ފިޔާތޮށިކުލައިގެ ގަޔަށްދޫ ސުވެޓާފާޑުގެ ޓީޝާޓުކޮޅާއި ކަށިމައްޗާ ހަމައަށް ހުރި ޖިންސުބުރީގައި އޭނާ ފެންނަލެއް ވަރަށް ނަލައެވެ. ވޫލުކޮޅަކުން އިސްތަށިގަނޑު އައްސަލާފައި އޮތެވެ. ލުއިހިނިތުންވުމެއް ބަދަލުކޮށްލުމާއެކު ސިޑިން އަރައިގެން ޓެރެސްއަށް ޒޫރިން އައެވެ. އަދި އައިސް ބަހެއް ވެސް ނުބުނެ ޓެރެސްގެ ވަށާފާރުބުރީގައިވާ ހޮޅިމަތީ ދެއަތް އަޅުވާލައިގެން ދުރުބަލަން އޭނާ ހުއްޓެވެ.

ދުރުދުރުން ޒޫރިން އުޅޭހެން އީތަންއަށް ހީވިއެވެ. އަނެއްކޮޅުން އޭނާއާ ހަތަރުކަޅި ހަމަކުރަން ވެސް ޒޫރިންއަށް އުނދަގޫވެގެން އުޅޭކަން އީތަންއަށް އެނގުނެވެ. އެ ލަދުރަކިކަން އީތަންއަށް ވަކިން ބޮޑަށް ކަމުދިޔައެވެ. ދަންވަރުގެ އެފަދަ ވަގުތެއްގައި ދެ ޒުވާނުން ބައްދަލުވަމުން ދިޔައިރު ތިންވަނަ މީހަކަށް ޝައިޠާނާ ހުރިކަން އެމީހުން ނުދެނަހުއްޓެވެ. އީތަންގެ އެންމެ ހަރަކާތަކުން ޒޫރިންގެ ނަފުސު ރޫޅިގެން ދިޔަ ކަހަލައެވެ. މަޑުމަޑުން އައިސް ޒޫރިންގެ ފަހަތުން އީތަން ބައްދާލިއެވެ.

“އައި މިސްޑް ޔޫ… ކޮޓަރިއަށް ނުދާނަންތަ؟” ޒޫރިންގެ ކަނދުރާގައި ބޮސްދީފައި އޭނާގެ ކަންފަތްދޮށުގައި ސިއްރެއް ބުނާހެން އީތަން ބުނެލިއެވެ. އަދި މަޑުމަޑުން ޒޫރިންގެ އުނަގަނޑުގައި ހިފާ އޭނާއާ ދިމާއަށް އަނބުރާލިއެވެ. ހާސްވެފައި ހުރި ޒޫރިންގެ ކޯތާފަތުގައި ދެފަރާތުން ބޮސްދީފައި އޭނާގެ އަތްތިލައިގައި ހިފާ ދަމާލަމުން މަޑުމަޑުން ޒޫރިންގެ ކޮޓަރީގެ ކުޑަދޮރާ ދިމާއަށް އީތަން އަންނަން ފެށިއެވެ.

ދެއަތުން ކުޑަދޮރު ހުޅުވާލުމާއެކު އީތަންގެ ބާރުގަދަ ދެއަތުން ޒޫރިން އުފުލާލުމާއެކު ކޮޓަރިތެރޭ ބެހެއްޓިއެވެ. އަދި އޭނާ ވެސް ކޮޓަރިތެރެއަށް ދެމިގަނެ އޭނާގެ ފަހަތުން ކުޑަދޮރުލައްޕާ ތަންޑުއެޅުވިއެވެ. އަދި ފަރުދާތައް ދަމާލުމާއެކު ނިވާކޮށްލިއެވެ.

ފަތިހު ފަހެއްޖެހިކަމަށް އީތަންގެ ފޯނު އެލާމުއަޅަން ފެށުމުން އޭނާގެ އަތްމަތީ އޮތް ޒޫރިންގެ ބޯދަށުން އަތްދަމައިލާފައި އެނދުން ތެދުވިއެވެ. އެއާއެކު ލޯމަރާލައިގެން އޮތް ޒޫރިން ވެސް ލޯހުޅުވާލާފައި ތެދުވެ އެނދުގައި އިށީނެވެ. ތަޅުންމަތީ އޮތް ސޯޓު ނަގާ އޭގެ ޖީބުން ފޯނު ނަގާ އެލާމު ނިއްވާލާފައި އީތަން އަވަސްވެގަތީ ގެއަށް ދިއުމަށެވެ. އޭނާ ޒޫރިންއާ އިތުރު ވާހަކަތަކެއް ނުދައްކައެވެ. ޒޫރިން ވެސް ތައްޔާރު ވެލުމާއެކު އީތަން އެގެއިން ނެރުމަށް ދިޔައެވެ. ދޮރޯށިން އީތަން ނުކުމެ ހިނގައިގަތުމުގެ ކުރިން ޒޫރިންގެ ކޯތާފަތުގައި ފިރުމާލާފައި ހިނިތުންވެލިއެވެ.

“ގުޅާނަން އިނގޭ” އީތަންގެ މޫނުމަތިން ފެނިގެން ދިޔަ ހިނިތުންވުން ޒޫރިންގެ ހިތަށް ފިނިކަން ލިއްބައިދިނެވެ. އީތަންގެ ހިތް އޭނާއަށް މިލްކުވެދާނޭކަމުގެ އިޝާރާތަކަށް އެ ހިނިތުންވުން ޒޫރިންއަށް ފުދުނެވެ. ދޮރޯށި ލައްޕާލާފައި ހިނިތުންވެލައިގެން ހުރެ އައިސް ކޮޓަރިއަށް ޒޫރިން ވަނެވެ. ދެއަތްފުޅާކޮށްލާފައި އެނދުމައްޗަށް އުއްޑުން ވެއްޓިގަތުމާއެކު ހީނލާފައި ދެއަތްތިލައިން މޫނުފޮރުވާލިއެވެ.

އެނދުގައި އޮވެ ދެއަތަށް ފުރޮޅެމުން ދިޔަ ޒޫރިންގެ ލޮލާ ނިދި ވަކިވެފައިވަނީ އީތަންގެ ސަބަބުންނެވެ. ހިތަށް ލިބިފައިވާ ހިތްހަމަޖެހުމެއްގެ ބޮޑުކަމުންނެވެ. އީތަންގެ ޚަބަރެއް ނުވެފައި ހުރެފައި މިރޭ އައިސް އެ ދިޔައީ އެރޭތަކަށް ވާވަރަށް ޒޫރިން އުފާކޮށްދީފައެވެ. އެކަމުގެ ސަބަބުން އޭނާ ރުއިރުއިމާއި ހިތުގައި އެޅިވޭން އެއްކޮށް ހަނދާންނެތިއްޖެއެވެ.

ހެނދުނު ހޭލިއިރު ޖަޒްލާގެ ދެ ލޯ ވަނީ ރުއިމުގެ ސަބަބުން ކުޑަކޮށްރަތްވެ ދުޅަވެފައެވެ. ތެދުވަން ބޭނުންނުވެފައި އެނދުގައި އެތައް އިރެއް ވަންދެން އޭނާ އޮތެވެ. ހިތަށް ލިބިފައިވާ ނުތަނަވަސްކަމާއެކު ވެސް ޖަޒްލާ ފޯނު ނަގާ ބަލާލީ މުޅިން އައު ދުވަހަކަށް އިރުއެރި އިރު ހުރިހާކަމެއް ވެސް ރަނގަޅުވެދާނޭ ހީކޮށެވެ. އަދި އީތަންގެ ފަރާތުން މެސެޖެއް ލިބިފައިވާ އޮވެދާނެކަމުގެ އުންމީދާއެކުއެވެ. ނަމަވެސް ފޯނަށް ބަލާލުމުން އިތުރަށް ޖަޒްލާގެ ހިތަށް ތަދުވުން ނޫންކަމެއް ނުވިއެވެ. ދެން ވެސް މޭގައި ފޯނު ޖައްސާލުމާއެކު އޭނާ ފިކުރު ހިންގަންފެށިއެވެ. އީތަންއަށް ބަދަލުތަކެއް އަންނަހެން އޭނާގެ ޟަމީރު ބުނަމުންދާއިރު އެއީ ކީއްވެ އަންނަން ޖެހޭ ބަދަލުތަކެއްކަމެއް ޖަޒްލާއަކަށް ނޭނގުނެވެ. އީތަންގެ ވާހަކަތައް ހުންނަ ގޮތުން އޭނާ ޖަޒްލާއާ ވަކިވާން ބޭނުންވާ ހެނެއް ވެސް ޖަޒްލާއަކަށް ހިޔެއްނުވެއެވެ. ދެން އެހެންވީރު އެ ދެމެދުގައި ކުއްލިއަކަށް މައްސަލަޖެހި ޒުވާބުކުރަން ޖެހެނީ ކީއްވެ ހެއްޔެވެ. އީތަން އަދިވެސް ލޯބިވަނީ ޖަޒްލާދެކެ ކަމަށްވާއިރު އޭނާ ޖަޒްލާއަށް ވަގުތު ދޭން މަސައްކަތް ނުކުރަނީ ކީއްވެ ހެއްޔެވެ. ފިކުރުތައް ބޮޑުވެ ޖަޒްލާއަށް ދެއަތުން ނިތްކުރީގައި އަޅާ އޮބާލެވުނެވެ.

ލޯ މަރާލައިގެން ޖަޒްލާ އޮއްވާ މޭމަތީ ބާއްވާލެވިފައި އޮތް ފޯނުގެ ރިންގު އޭނާ ސިއްސުވާލިއެވެ. އަވަހަށް ފޯނު ނަގާ ބަލާލިއެވެ.

“ކައިލަން” އިސްކުރީނަށް އަރަމުންދިޔަ ކައިލަންގެ ފޮޓޯ ފެނިފައި ޖަޒްލާ މަޑުމަޑުން ބުނެލިއެވެ.

“ހެލޯ…. ކައިލް. އާދެބަލަ އަހަރެން ބަލާ. އަހަރެން ގޮވައިގެން މާލެއާ ދުރަށް ހިނގާބަލަ”

ޖަޒްލާގެ އަޑުޖެހިފައި ކަމެއް ގޯސްވެއްޖެކަން ކައިލަންއަށް ވަގުތުން ނަގައިގަނެވުނެވެ. އެއާއެކު އިތުރު ސުވާލުތަކެއް ނުކުރިއެވެ. ޖަޒްލާގެ ގާތުގައި އޭނާ މި އަންނަނީ ކަމުގައި ބުނެ ތައްޔާރުވެލައިގެން ހުރުމަށް އެދުނެވެ. ފޯނު ބާއްވާފައި ޖަޒްލާ އެނދުން ތެދުވީ ދެނެވެ. ފާޚާނާއަށް ވަދެ ފެންވަރާލައިގެން ނުކުތެވެ. އާންމުކޮށް ފާޚާނާގައި ފެންވަރަން ނަގާ ވަގުތަށްވުރެ މިއަދު ޖަޒްލާ މާ ގިނައިރުވިއެވެ. ބޭޤަރާރުވެފައި އޭނާއަށް ހުރެވުނީއެވެ.

ކައިލަންގެ ކާރު އައިސް މ.ޑޯންގެ ދޮރޯށި ކުރިމައްޗަށް މަޑުކޮށްލިތާ ގިނައިރެއް ނުވެ ޖަޒްލާ ނުކުމެގެން އައިސް ކާރަށް އެރިއެވެ. އޭނާއަށް ވަރަށް ރަނގަޅަށް ކައިލަން ބަލާލިއެވެ. ޖަޒްލާގެ އިސްތަށިގަނޑު ތެތްކޮށް ފެންނައިރު ނުހަނު ހިތްގައިމެވެ. އޭނާއާ ވަރަށް ގުޅެއެވެ. ގަދަފިޔާތޮށި ކުލައަކަށްދާ ޖެކެޓެއް ލާފައި ހުރިއިރު އެތެރެއިން ހުދުކުލައިގެ އެތިކޮޅެއްލާފައި ކަރުގައި ހަމަ އެކުލައިގެ ދިގު މެދުމިނުގެ މިނާފައްޗެއް އަޅާފައި އޮތެވެ. އެހާ ތާޒާކޮށް ޖަޒްލާ ފެންނައިރު އޭނާގެ މޫނުމަތިން އެކަމެއް ނުފެނެއެވެ. މޭކަޕްގެ އެހީގައި ފޮރުވަން މަސައްކަތްކޮށްފައި ހުރި އިރު ވެސް އޭނާގެ ލޮލުގައި ދުޅަކަމެއް ހުރިކަން ކައިލަންއަށް ފާހަގަ ވިއެވެ.

“ހިނގާ ބްރެކްފަސްޓަކަށް ދަމާ. ރަނގަޅަށް ސައިބޯލައިގެން ދާނެ ދިމާލެއް ކަނޑައަޅާނީ” ހަމަޖެހިލާފައި ކައިލަން ވާހަކަދެއްކިއެވެ. އޭނާ އަޅާފައި ހުރި ހެދުމަށް ބަލާއިރު އޭނާ އެއައީ އޮފީހުގައި އިނދެފައި ކަން ފެންނަ ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ.

މާ ގިނަ ވާހަކަތަކެއް ދެއްކުމެއްނެތި ޖަޒްލާ “ހޫން” ލައްވާލިއެވެ. އަދި ކައިލަން އޭނާ ގެންދާ ކޮންމެ ތަނަކަށް ދިއުމަށް މަޑުކޮށްލައިގެން އިނެވެ.

ދެ ޒުވާނުން އައިސް ބްރޭކްވޯޓަރގެ މަތީ ފަންގިފިލާއަށް އަރާ އެތަނުން މޭޒެއްގެ ދޮށުގައި އިށީނެވެ. ކުޑަކޮށް ވިއްސާރަކޮށް އުޅޭތީ އުޑުމަތި އޮތީ ބަނަކޮށެވެ. އެހެންނަމަވެސް ވާރޭ ވެހޭނެކަމުގެ އެއްވެސް އަސަރެއް ފާޅެއްނުވެއެވެ. މޭޒު ކައިރީ ހުރި ގޮނޑި ކައިލަން ދުރަށް ޖައްސާލާފައި ޖަޒްލާ އިށީނުމަށް ދެއްކިއެވެ. އޭނާ އިށީނުމުން ޖެހިގެން ހުރި ގޮނޑީގައި ކައިލަން އިށީނެވެ. ތަނުގެ ވެއިޓަރުންގެ ތެރެއިން މީހަކު އައިސް އެ މީހުންގެ އޯޑަރު ނަގާފައި ދިއުމުން ކައިލަން ވާހަކަދެއްކުމުގެ ކުރިން ޖަޒްލާއަށް ބަލާލިއެވެ.

“އަހަންނަކަށް ނޭނގެ ޖޭޒްއަށް ދޭނީ ކޮންކަހަލަ ލަފައެއްކަމެއް. އެކަމަކު ޖޭޒް ތިއިންގޮތުން އަހަންނަށް އެނގޭ ތިއުޅެނީ އީތަންއާ މައްސަލަޖެހިގެންކަން. އަނެއްކޮޅުން އަހަންނަށް ހީވަނީ އަހަރުމެން ދެމީހުން ބައްދަލުކުރުމަކީ އެހާ ރަނގަޅުކަމެއްނޫންހެން” ކައިލަން މިހެން ބުނެލިއިރު އޭނާގެ ސިކުނޑީގައި އެހެން ޚިޔާލެއް ވެސް އެނބުރެމުން ދިޔައެވެ.

“ކައިލަން ނޫނީ އަހަރެންގެ ވާހަކަ އަޑުއަހާނެ އިތުރު މީހަކު ނެތް. މިހާރު ކައިލަން ވެސް ތިއުޅެނީ އަހަންނާ ދުރަށް ދާން” އިސްޖަހާލައިގެން އިން ޖަޒްލާ ބުނެލިއެވެ.

“ނޫން. އަހަރެން އެއްވެސް އިރަކު ޖޭޒްއާ ދުރަށްދާކަށް ނުވިސްނަން. އެކަމަކު އަހަރުމެން ދެމީހުންގެ ރަޙުމަތްތެރިކަން ކުރިއަށް ގެންދެވޭކަށް ވެސް ނެތެއްނު. އަހަރެން ގާތުގައި ހުރިހާ ވާހަކައެއް ޖޭޒް ނުބުންޏަސް އަހަންނަށް އެނގޭ ވެގެން އުޅޭގޮތެއް. އަހަރެން ގާތު ކޮންމެހެން ޖޭޒް ބުނާކަށް ނުޖެހެއޭ. އަހަރެންގެ ލޮލަށް ފެނޭ. ސިކުނޑިއަށް ވިސްނޭ… އަހަންނަށްވުރެ ޖޭޒްގެ ހާލު އެނގޭނެ މީހަކު ނުހުންނާނެކަން ޚުދު އަހަންނަށް ވެސް އެނގޭ. އެހެންވިޔަސް މިފަހަރު ކުރާނޭކަމެއްނެތް. ޖޭޒް ބެހެއްޓި ހިސާބެއްގައި އަހަރެން ހުންނާނަން. ޖޭޒްގެ އުފާވެރިކަން އަހަންނަށް ވަރަށް މުހިންމު. އީތަންއަށް ޖޭޒް ކަހަލަ ލޯބިވާ ކުއްޖަކު ލިބުނީމާ ވެސް އުޅެން ނޭނގެނީއޭ އަހަރެން ބުނާނީ”

“ދެން ތިހެން ވާހަކަނުދައްކާ. އަހަރެންގެ އެންމެ ގާތް ރަޙުމަތްތެރިއަކީ ކައިލް. އެގޮތް ދުވަހަކު ވެސް ބަދަލެއްނުވާނެ. ހަޔާތަށް ކިތަންމެ ބަޔަކު އައިސް ހިނގައިދާނެ. އެކަމަކު ރަނަގޅު ރަޙުމަތްތެރިއަކު ހޯދުމަކީ ފަސޭހަކަމެއްނޫން. އަދިއަމުދުން އެފަދަ ރަޙުމަތްތެރިއަކު ލިބިފައި ހުއްޓާ ދޫކޮށްލާނީ މޮޔައެއް. ކައިލް… ދުވަސްކޮޅަކަށް އަހަރެން ގޮވައިގެން މި މާލެއާ ދުރަށް ހިނގާބަލަ. ޕްލީޒް…” އަވިއައިނުގައި ހިފަހައްޓާލައިގެން މޭޒުމަތީ އޮތް ކައިލަންގެ އަތުގައި ޖަޒްލާގެ އަތްތިލަ ޖައްސާލިއެވެ. އެއާއެކު ކައިލަން ހިނިތުންވެލިއެވެ.

“މިއަދު އެބަޖެހޭ ބައްޕަ އެދިލައްވައިގެން ކުޑަކެމެއް ނިންމާލަން. ފްރީ ވާނީ ހަވީރު. ކިހިނެއްވާނީ ހަވީރު ރިސޯޓަކަށް ފުރިއްޔާ” ކައިލަން މިހެން ބުނުމުން ޖަޒްލާ ބޯޖަހާލިއެވެ.

ކައިލަން އާއިއެކު ބޭރުގައި އުޅެފައި ޖަޒްލާ އައިސް ގެއަށް ވަންއިރު މުށިގަނޑުގައި ހުރި ފިނިފެންމާ ގަހަށް ފެންދޭން އިނާޔާ ހުއްޓެވެ. ޖަޒްލާ ފެނުމުން އޭނާ ދަރިފުޅަށް ގޮވާލިއެވެ.

“މަންމަ ވާހަކައެއް ދައްކާލަންވެގެން”

“ބުނެބަލަ” ސިޓިންރޫމު ދޮރުމަތީ މަޑުކޮށްލާފައި އިނާޔާއާ ޖަޒްލާ ކުރިމަތިލިއެވެ.

“ހިނގާ ބަލަ އެތެރެއަށް. ވާހަކައިގެ ގޮތުން ވަރަށް ހަމަޖެހިލައިގެން އިނދެ ދަރިފުޅާ އެވާހަކަދައްކަން ބޭނުންވަނީ” އިނާޔާ މިހެން ބުނުމުން ޖަޒްލާގެ މޫނުމަތިން ހައިރާންކަން ފެނިގެންދިޔައެވެ. ވަގުތުން ސިކުނޑި އެކިއެކި ސުވާލުތަކުން ބަރުވަމުންދާންފެށިއެވެ. ފުރަތަމަ ވެސް ސިކުނޑިއަށް އައީ ކާމިލެވެ. ރޭގައި އީތަންގެ ގާތު އެގެއިން ނުކުމެގެން ދިއުމަށް ބުނުމާއެކު ކާމިލު ރޭގައި ހުރީ ވަރަށް ހިތްހަމަނުޖެހިފައިކަން ޖަޒްލާއަށް އެނގޭތީއެވެ.

ފިނިފެންމާގަހަށް ފެންފޮދެއް އަޅާފައި އިނާޔާ އައިސް ސިޓިންރޫމަށް ވަންނަމުން ޖަޒްލާގެ އަތުގައި ހިފާލިއެވެ. އަދި އޭނާ ގޮވައިގެން އައިސް ސޯފާގައި އިށީނެވެ. ދަރިފުޅުގެ މޫނަށް ބަލާލާފައި އޭނާގެ ކޮނޑުގައި އިނާޔާ ފިރުމާލިއެވެ.

“މަންމައަކީ ކަޓު ޚިޔާލު ހުންނަ މީހެއްކަން އެނގޭ. ދަރިފުޅަށް ދުވަހަކު ވެސް މަންމަގެ އެއްވެސް ޚިޔާލެއް ކަމަކު ނުދޭ. އެހެންވިޔަސް ބުނަންތަ؟ ފިރިހެނުން އަބަދަކު ނުތިބޭނެ. މަންމައަށް އެނގޭ ޖަޒްލާ ލޯބިވަނީ އީތަންދެކެކަން. އަދި އޭނާއާ ގުޅެން ބޭނުންވާކަން. ތި މައްސަލަތައް ތިޖެހެނީ މާގިނަ ދުވަހު ދެމީހުން ނީނދެ ތިހެން އުޅޭތީވެ.”

“ކީކޭތަ މަންމަ ބުނަންތިއުޅެނީ” ޖަޒްލާގެ މޫނުމަތިން ފޫހިކަން ފެނިގެން ދިޔައެވެ.

“ދަރިފުޅުގެ ދިރިއުޅުމަށް މަންމަ ފާޑުކިޔަނީއެއްނޫން. ދަރިފުޅާ ޖަޒްލާ. ކައިވެނިކުރުމުން ތި ހުރިހާކަމެއް ވެސް ހައްލުވެދާނެ. އޭރުން ތިޖެހޭ މައްސަލަތަކެއް ނުޖެހޭނެ. އީތަން އެ މަޑުކުރަނީ ޖަޒްލާ ކައިވެންޏަށް ތައްޔާރުވަންދެންހެން މަންމައަށް ވަރަށް ހީވޭ. މިހާރު ދެ ކުދިންގެ ޢާއިލާއަށް ވެސް އެނގޭ ރައްޓެހިވެގެން އުޅޭކަން. ޖަޒްލާއަކީ އަންހެންކުއްޖަކަށްވާއިރު ދަރިފުޅުގެ އަގު އީތަންގެ ޢާއިލާ މީހުން ކައިރީ އުފުލޭނެ އަވަހަށް ކައިވެނިކުރުމުން. ކައިވެންޏަކީ ލޯބިވާ ދެމީހުން ގާތްކުރުވާނޭ މަތިވެރި ގުޅުމެއް. ދަރިފުޅު މިހާރު ތިހުރީ ކައިވެންޏެއް ކުރާން ރަނގަޅު އުމުރުގައި. ކޮންމެހެން ކައިވެނިކުރަނީ ދަރިންތަކެއް ހޯދަންވީމާއެއްނޫން. ދެމެދުގައި އޮންނަ ގުޅުން ގާތްކަމާއެކު ގިނަދުވަހަށް ބޭއްވުމަށްޓަކައި ވެސް ކައިވެނިކުރޭ. މިހާރު މިޒަމާނަކީ ބޭނުންވީމާ ދަރިން ހޯދާ ޒަމާން. އެހެންވީމަ ދަރިފުޅު ކައިވެންޏެއް ކުރިޔަސް ދަރިފުޅު ހާޞީލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާޞިލުކުރެވޭނެ. މީ ހަމަ ދަރިފުޅުގެ އުފަލަށްޓަކައި މަންމަ ދޭ ނަޞޭޙަތެއް.”

އިނާޔާގެ ވާހަކަތައް އަޑުއަހަން ޖަޒްލާ އިނީ ވަރަށް ފަރުވާތެރިކަމާއެކުއެވެ. މޫނުމައްޗަށް ވެރިވެގެންދިޔަ ފޫހިކަން ވެސް މިހާރު ފިލާ ހިނގައްޖެއެވެ. ހީވަނީ އިނާޔާގެ ވާހަކަތަކުން ޖަޒްލާއަށް ކޮންމެ ވެސް ކަހަލަ އަސަރުތަކެއް ކުރުވައިފިހެނެވެ. އެހެންނޫނީ އޭނާ އިނާޔާގެ ވާހަކަތައް ނިމެންދެން މަޑަކުން ނީނީހެވެ. ކޮންމެވެސް އެއްޗެކޭ ކިޔާލާފައި އަވަހަށް އިނާޔާގެ ކުރިމަތިން ގޮސް ގެއްލިއްޖައީހެވެ.

“ދަނީތަ؟ މަންމަ މި ދެއްކި ވާހަކައާމެދު ދަރިފުޅު ވިސްނައްޗޭ” ޖަޒްލާ ތެދުވެގެން ދާން ފެށުމުން އިނާޔާ ބުނެލިއެވެ. ދެން ވެސް އެއްވެސް އެއްޗެއް ނުބުނެ ޖަޒްލާ ކުރިއަށް ހިނގަމުން އައިސް ސިޑިން އަރަންފެށީ އޭނާގެ ކޮޓަރިއަށް ދިއުމަށެވެ.

އީތަންއަށް އަންގާލުމެއްނެތި ކުއްލިއަކަށް ޖަޒްލާ ފުރައިގެން ދިޔައެވެ. އޭނާ ހުރި ތަނަކާއި ދިޔައީ ކާކާއެކުކަން އީތަންއަށް އެންގީ ވެސް ކައިލަން އޭނާ ގެނައި ރިސޯޓުގެ ފާލަންމަތީ ފައިތިލަ އަޅާލުމަށްފަހުއެވެ. އެކަން އީތަންއަށް އެނގުމާއެކު އެކަމާ ވެސް އިތުރަށް ޖަޒްލާދެކެ އޭނާ ރުޅިއައެވެ. ރުޅިވެރިކަމުގެ މެސެޖުތައް ފުލުފުލުން ފޮނުވާލި ނަމަވެސް ޖަޒްލާގެ ފަރާތުން މިފަހަރު ރައްދެއް ނައެވެ. އިތުރަށް މެސެޖުކުރުމުގެ ބޭނުން ކެނޑުނީ އެހެންވެއެވެ. އަންނަރުޅި ފިނިކޮށްލުމަށް އީތަން ހޯދި ހައްލަކީ ޒޫރިންނެވެ. ކުޑަވަގުތުކޮޅަކަށް ވިޔަސް ސިކުނޑީގެ ހާސްކަން މުޅިން ކެނޑިދެއެވެ. ޒޫރިންއާއެކު ހޭދަކުރާ ހުރިހާ ވަގުތުކޮޅަކީ އީތަންގެ ހިތުގައި ޒޫރިން ނޫން ދެވަނަ އަންހެނަކު ނުވާ ވަގުތުކޮޅެކެވެ. ނާޖާއިސް ގޮތުގައި ޒޫރިންގެ އިހުސާސްތަކާކުޅެ އޭނާގެ ހަށިގަނޑުގެ ބޭނުންކުރެވެނީކަން އީތަންގެ ޟަމީރު ވިސްނާދެއެވެ. އެހެންނަމަވެސް އޭނާއަކަށް އެ ޢަމަލުތަކެއް ހުއްޓައެއްނުލެވުނެވެ. ރަނގަޅުކަމަކަށް ތިމާ ހޭނޭ ވަރަށްވުރެ އަވަހަށް ނުބައިކަމަކަށް ތިމާ ގެއްލިދާލެއް އަވަސްވެއެވެ. އީތަންއަށް ވެސް ވެފައި އެހުރީ އެހެނެވެ. ކޮންމެ ރެއެއްގެ އެއްވަގުތެއްގައި ޒޫރިންގެ ގާތުގައި އޮވެފައި އޭނާ އެނބުރި ގެއަށް އަންނަނީ އެ ޚިޔާލުތަކުގައި ހުރެއެވެ. އަމިއްލަ ހަށިގަނޑަށް ވަމުންދާ ގޮތްތަކާއެކު ހިތަށް ބަދަލުތަކެއް އަންނަކަން ޔަޤީނެވެ. އެހެންނަމަވެސް އެ ހިތުގެ އަޑު އީތަން އަހާކަށް ބޭނުމެއްނޫނެވެ.

ޖަޒްލާ ފުރައިގެން ދިއުމުން ވަކިން ބޮޑަށް އީތަންގެ ޖެހިލުންވުން ކެނޑިގެން ދިޔައެވެ. އޭނާގެ ޚަބަރެއް އީތަން ވެސް ބަލާނުލައެވެ. ހަފްތާއެއްހާ ދުވަސް ފާއިތުވެގެން ދިޔައިރު ދެމީހުންކުރެ އެކަކު ވެސް އަނެކާގެ ޚާލު އޮޅުން ފިލުވާލަން އެއްވެސް ކަމެއް ނުކުރެއެވެ. އަނެއްކޮޅުން ދެމީހުން ތިބީ ގޮތްދޫނުކުރަން ކަހަލައެވެ. ކުރިން ވާހަކަދައްކަން ޖެހޭނީ އަނެކާކަމުގައި ބަރޯސާވެއެވެ.

ޒޫރިންއާއެކު ކުރިއަށް ދިޔަ ގުޅުމާމެދު އީތަން ވަރަށް ފުންކޮށް ވިސްނަންފެށީ ޝައުންގެ ސަބަބުންނެވެ. އަންހެނަކާއެކު ގުޅުމެއް ކުރިއަށް ގެންދިޔަސް ބަލަންޖެހޭ އަދި ރައްކާތެރި ފިޔަވަޅުތަކެއް އެޅުން މުހިންމުކަމުގައި އެކުވެރިޔާ ބުނުމުންނެވެ. އޭރު ވެސް ޝައުންއަށް އީތަން އާއި ޒޫރިންގެ ދެމެދުގައި އޮތް ގުޅުމެއް ނޭނގެއެވެ. ޒޫރިން ބަލިވެ އިނދެދާނެކަމުގެ ބިރާއެކު އީތަން އެކަން ޒޫރިންއަށް ވިސްނައިދިނެވެ. ފުރަތަމަ ދެމީހުން ހުރަސް ބޭނުންކުރަން ނިންމިއެވެ. ނަމަވެސް އެކަން ޒޫރިންއަށްވީ ވޭންހުރި ކަމަކަށެވެ. އެކަމުގެ ސަބަބުން އީތަންއަކަށް ވެސް ހިތްހަމަޖެހުމެއް ނުލިބެއެވެ. އެހެންވެ ގުޅަބޭސް ޚިޔާރުކުރީއެވެ. ނަމަވެސް ދެން ވާންފެށި ގޮތަކީ ކޮންމެ ދުވަހަކު ބޭސް ކާން ޒޫރިން ހަނދާނެއްނުހުރެއެވެ. ރޭގަނޑަށް އީތަން އައިސް ސުވާލުކުރުމުން ޒޫރިން ދޮގު ހަދަންފެށީއެވެ. ހަނދާންނެތިގެން ބޭސްނުކައި ހުރުމުން އީތަން ރުޅި އަންނާނޭކަން އެނގޭތީއެވެ. އެގޮތަށް ކިތައްރޭ ބޭސް ނުކައި ހުރެވުނުކަން ޒޫރިންއަށް ވެސް ނޭނގެއެވެ. ދެމެދުގައި އޮތް ގުޅުމަކީ ކައިވެންޏެއްގެ މައްޗަށް ބިނާވެފައި އޮތް ގުޅުމަކަށްނުވާތީ ދެ ޒުވާނުންގެ ވެސް މަޤުޞަދަކަށް ވެފައި އޮތީ އުފާކޮށްލުމެވެ. ހިތްހަމަޖައްސާލުމެވެ. ނަމަވެސް ޒޫރިންގެ ހިތްހަމަޖެހުން ގުޅިފައިވަނީ އޭނާގެ ހިތާއެވެ. އީތަން އުފާވާ ކޮންމެކަމަކީ ޒޫރިންއަށް އެކަމުން އުފާލިބޭނޭކަމެކެވެ.

ރިސޯޓުގައި ކައިލަންއާއެކު ހެނދުނުގެ ނާސްތާކުރަން ޖަޒްލާ އިންއިރު އޭނާ ބަލަނީ ކޮންދިމާއަކަށްކަމެއް ނޭނގެއެވެ. އަވިއައިނަކުން އެ ދެ ލޯ ވަނީ ފޮރުވާލާފައެވެ. މަޑުމަޑުން ސައިޖޯޑު ނަގާ ތުނބުޖަހާލާ އެތި ފޮދެއް ބޮމުން ދިޔައެވެ. ދޭތެރެއަކުން ކައިލަންގެ ނަޒަރު ޖަޒްލާއަށް ހުއްޓެނީ އޭނާ އެއްޗެއް ބުނާނޭ ކަމަށް ހީވެގެންނެވެ. އަމިއްލައަށް އިސްނަގާ އެއްޗެއް ބުނަން އުޅެފައި ވެސް ޖަޒްލާގެ ޚިޔާލުގައި ހިނގަނީ ކޮންކޮން ކަންތައްގަނޑެއްކަން ނޭނގޭތީ މަޑުކޮށްލަން މަޖުބޫރުވެފައި އިން ކަހަލައެވެ. އެހެން އިންދާ ޖަޒްލާ ފުންނޭވާއެއް ލާފައި ލޮލުގައި އަޅާފައި އޮތް އައިނު ނަގާ މޭޒުމަތީ ބާއްވާލާފައި ކައިލަންއަށް ބަލާލިއެވެ.

“އަހަރެން މެރީ ކުރަން އެބަވިސްނަން” ކުއްލިއަކަށް ޖަޒްލާ ބުނި އެއްޗަކުން ކައިލަންއަށް ސިހުން ލިބިގެންދިޔައެވެ. ކުޑަކޮށް ލޯ ބޮޑުކޮށްލައިގެން އޭނާއަށް ބަލަން އިނދެވުނީ ބުނާނޭ އެއްޗެއް ނޭނގިފައެވެ. ދެން ވެސް ވާހަކަދެއްކީ ޖަޒްލާއެވެ.

“އައި ނޯ އިޓްސް އަ ބިގް ޑިޒިޝަންކަން… ވަރަށް ގިނަ ދުވަހު ރައްޓެހިވެގެން އުޅެވިއްޖެއެއްނު. މަންމަ އާއި ބައްޕަ ވެސް ބޭނުންވޭ އަހަރެން ކައިވެނިކުރަން”

“ޖޭޒްއަށް ޔަޤީންތަ. ރަނގަޅަށް ވިސްނާފަތަ ތިހެން ތިބުނަނީ”

“ޔެސް ކައިލް. ވަރަށް ވިސްނައިފިން…. މިކޮޅަށް އައިސްސުރެން އެ ނޫން ކަމަކާ އަހަރެން ނުވިސްނަން. އައި ހޭވް އެވްރިތިންގ ނައު. ސެޓްލްވާން ބޭނުންވަނީ. އީތަންއާ އަބަދަށް ވަކިވާވަރު މައްސަލައެއް ޖެހުމުގެ ކުރިން އަހަރެން ބޭނުންވަނީ އީތަންއާ މެރީ ކުރަން. ކައިލް… ޕްލީޒް ސޭ ސަމްތިންގ”

“ޖޭޒްގެ އެއްވެސް ނިންމުމަކާ އަހަރެން ދުވަހަކު ވެސް ދެކޮޅު ހެދިންތަ؟ އަބަދުވެސް އަހަންނަށް އެންމެ މުހިންމު ކަމަކަށްވާނީ ޖޭޒްގެ އުފާވެރިކަން. ޖޭޒްގެ ހިތްހަމަޖެހުން… އައި ވިލް އޯލްވޭސް ސަޕޯޓް ޔޫ. ތި ނިންމުމަކީ ޖޭޒް އެންމެ ބޭނުންވާ ގޮތް ކަމުގައިވާނަމަ ކުރިއަށް ދާށޭ ބުނާނީ. އެކަމަކު އަދިވެސް ވިސްނާލަން އަހަރެން ބުނާނަން. އެއީ މިހާރު ވެސް ދެ މީހުން ދެބަސްވެއްޖެނަމަ ތިއުޅެނީ ދެމީހުން ދެތާގައި. އެކަކު އަނެކަކާ ވާހަކަ ދައްކަން ވެސް ބޭނުމެއްނޫން. ކައިވެނި ކުރީމާ އިރުއިރު ކޮޅާ ދެބަސްވާ ކޮންމެ ފަހަރަކު ވަރިއެއް ނުވެވޭނެ. ދެމީހުންނަށް ފިލައިގެނެއް ވެސް ނޫޅެވޭނެ”

“އެނގޭ ތިކަން. ދެމީހުން އެކުގައި ވަގުތު ހޭދަކުރަން ފެށީމައި މިހާރު މިޖެހޭ ކަހަލަ ކޫސަނި މައްސަލަތަކެއް ނުޖެހޭނެކަމަށް މިބަލަނީ. އަދި ދެމީހުން އެކުގައި މައްސަލަތައް ހައްލުކުރަން ފަސޭހަވާނެ ދޯ އެކުގައި އުޅޭއިރު”

ޖަޒްލާގެ ވާހަކަތަކުން ކައިލަންގެ ހިތަށް ކުރި އަސަރު އޭނާ ފޮރުވާލީ ހިނިތުންވުމަކުންނެވެ. އޭނާ ދުށް ހުވަފެން ހަޤީޤަތަކަށް ނުވާނޭކަން އެނގުމުން ކައިލަންގެ ހިތް ރޯލިއެވެ. ނަމަވެސް އޭނާ އުންމީދު ކަނޑާލާކަށް ބޭނުމެއްނޫނެވެ. ސިކުނޑީގެ އެއްކަނެއްގައި އީތަންއާ މެދު ސުވާލު އުފެދެން ފެށިއެވެ. ޖަޒްލާ އާއި އީތަން މި ފަހަކަށް އައިސް ދެބަސްވާލެއް ގިނަކަން ކައިލަންއަށް އެނގެއެވެ. ހަމައެކަނި މައްސަލައަކީ ޖަޒްލާ އާއި ކައިލަންގެ ދެމެދުގައި އޮންނަ ރައްޓެހިކަމުގެ ގުޅުން އެކަނި ނޫންކަން ކައިލަންއަށް ހީވާންފެށިއެވެ. އީތަންއާ ގުޅެން ޖަޒްލާ ބޭނުންވެފައި ހުރިވަރު ކައިލަންއަށް އެނގެއެވެ. އޭނާ އެ ދެމެދަށް ހުރަހަކަށް ވާކަށް ނެތެވެ. އެހެންނަމަވެސް އީތަންގެ ހިތް ޖަޒްލާއާ މެދު އޮތްގޮތެއް ހޯދަން ކައިލަން ބޭނުންވެއެވެ.

އީތަންއާ ދިމާވިފަހުން ހަތަރުމަސް ދުވަސް އަރައިގެން ދިޔައީ ކިހިނެއްކަމެއް ޒޫރިންއަކަށް ނޭނގެއެވެ. ޒޫރިންގެ މޫނުމަތީގައި މަސްޖަހާލައި ހަށިގަނޑުގެ ބައްޓަން ވެސް ރީތިވަމުން އަންނަކަން ރޭޝްމާއަށް ފާހަގަވެއެވެ. ގިނައިން ކާން ޒޫރިން އުޅޭހެން ވެސް ރޭޝްމާއަށް ހީވެއެވެ. އެހާ ގިނައިން ކަނީނަމަ ޒޫރިންގެ ރީތި ހަށިގަނޑަށް ބަދަލުތައް އަންނަން ގިނަ ދުވަހެއް ނުނަގާނޭކަން ރޭޝްމާއަށް އެނގެއެވެ. ޑިއުޓީއަށް ދިއުމުގެ ކުރިން ޒޫރިން ގެއިން ދަނީ ސައިބޮއެގެންނެވެ. ހަމައެއާއެކު އޮފީހަށް ގޮސް އެތަނުގެ މުވައްޒަފުންނާ އެއްބައިވެ އޮފީހަށް ކާއެއްޗެހި ގެނެސްގެން ސައިބޮއެވެ. މިފަދަ ބަދަލެއް އަމިއްލަ ނަފްސަށް އައިސްގެން އުޅޭކަމުގެ ޚިޔާލެއް ފިކުރެއް ޒޫރިންގެ ނެތެވެ. ބަނޑުހައިވީމާ ކަނީއެވެ. ޒޫރިންގެ މި ބަދަލު އީތަންއަށް ވެސް ފާހަގަނުކުރެވިއެއް ނުދިޔައެވެ. ޒޫރިން ފަލަވާ ކަމުގެ ޝަކުވާ އީތަން ކުރުމުން ޒޫރިން ބުނެލީ އޭނާއަށް އީތަންގެ ފަރާތުން ލޯބި ލިބޭތީ ވާގޮތެއް ކަމުގައެވެ. އީތަންއަށް އިތުރަށް އެއްޗެއް ބުނަން ދަތިވީ އެހެންވެއެވެ. ޒޫރިންވަނީ އޭނާ އީތަންދެކެ ލޯބިވާކަމުގައި ބުނެފައެވެ. އޭގެ ޖަވާބަކަށް ޒޫރިން ބޭނުންވެފައި ހުރިވަރު އެނގުމުން އީތަން ވެސް ވަނީ ޒޫރިން ބޭނުންވި ގޮތަށް އެ ޖަވާބުދީފައެވެ. ދުލުން ބޭރުކުރާ ކޮންމެ ބަހަކީ ތެދަކަށް ވުން މުހިންމު ނޫންކަމުގައި އީތަންއަށް ވިސްނުނީއެވެ. ޒޫރިންގެ ހިތްހަމަޖައްސާދިނުމުން ޚުދު އޭނާއަށް ވެސް ހަމަޖެހިގެން އުޅެވޭނޭތީއެވެ.

ޒޫރިން ފަލަވުމުން އީތަންއަށް ކަމުނުދާނެއޭ ބުނިފަހުން ޒޫރިން ކެއުން މަދުކޮށްލިއެވެ. ބަނޑުހައިވި ނަމަވެސް މަދުއެތިކޮޅެއް ކެވޭތޯ ބެލިއެވެ. މިހެން އުޅުމުގައި އޭނާގެ ބޮލުގައި ރިއްސަންފެށިއެވެ. ހެނދުނު ހޭލާއިރު އާއި މެންދުރުގެ ވަގުތުގައި ބޭރަށް ނުކުމެއްޖެނަމަ ބޯއަނބުރާ ގޮތްވާން ފެށިއެވެ. ހީކުރެވުނީ ކުއްލިއަކަށް ކާއެއްޗެހި މަދުކޮށްލުމުން ހަށިގަނޑަށް އެނގުންވީ ކަމުގައެވެ. ޑައެޓްކުރުމަށްޓަކައި ތަފާތު ވައްތަރުގެ ކާއެއްޗެހި ޒޫރިން ގެއަށް ވެއްދިއެވެ.

“ފަލަވަނީ މާވަރަކަށްވިއްޔާ. އޮފީސް މީހުންނާއެކު އޭތި މީތި ކާތީއޭ ތިހެން ތިވަނީ. ތަހުސީނު ވެސް މީނައަށް ކާއެއްޗެއް ނޫނީ ނުގެންނާނެ. ދުވަސްކޮޅަކުން ވަށްބޯޅަގަނޑަކަށް ވެފައި ހުއްޓާ ފެންނާނީ. އޭރުން އިންނާނޭ މީހަކު ވެސް ނުވާނެ. ފިރިހެނުންނަކީ އަބަދުވެސް ރީތިކަމަށް ބަލާބައެއް” ބަދިގޭގައި ހުރި ކާމޭޒު ދޮށުގައި ކާންއިން ޒޫރިން އާއި ތަހުސީނަށް ރޭޝްމާ ބުނެލިއެވެ.

“ކުރިން ރޭޝް އޭނާއަށް ކާން ނުދޭތީއޭ އެހާ ހިކިކޮށް ހުރީ. އެހެންނޫނަސް ސަބްމެރިންއަކީ ރީންއަށް ނުލާހިކު މީރު އެއްޗެއް. އެ ދޮގެއް ރީން. މަންމަ އެހެން ކިޔަސް މީރު އެއްޗެހި ދޭތެރެއަކުން ކާލަންވާނެ. ތަހުސީނު ބެއަށް ވެސް މާގިނައެއްކޮށް މިގެއަށް އާދެވެނީއެއް ނޫނެއްނު. ވަގުތު ޖެހުނީމާ އިންނާނެ މީހުން ވެސް ވާނެ. ރަނގަޅު މީހަކު އޭނާ އިންނަން ގަސްދުކުރާ އަންހެނެއްގެ ސިފައަކަށް ނުބަލާނެ. އެންމެ މުހިންމު އެއްޗަކީ ދެ ފަރާތުގައި ދެމެދުގައި އޮންނަ އިތުބާރު. ތެދުވެރިކަން… އެ ނެތިއްޔާ އެއްވެސް ގުޅުމެއް ކުރިއަކަށް ނުދާނެ” ތަހުސީނުގެ ވާހަކައިން އަނގަ ފުރާލައިގެން އިން ޒޫރިން ރޭޝްމާއަށް ބަލާލާފައި ހޭންފެށިއެވެ.

“ބަލަ ތި ހެނިކޮށް ކަރުގައި އެތިކޮޅެއް ތާށިވެދާނެ. ދެންވީ މުޅިތަނަށް ހޮޑުދުއްވާލަން” ރޭޝްމާ މިހެންބުނެ އަނބުފަނިތަށި ޒޫރިންގެ ކައިރިއަށް ޖައްސާލިއެވެ. ނަމަވެސް ރޭޝްމާގެ ނަޒަރު ހުރީ ތަހުސީނަށް އަމާޒުވެފައެވެ. އޭނާ ދެންމެއަކު އެ ދެއްކި ވާހަކަތަކުން ބައެއް ހީވަނީ ރޭޝްމާއަށް އަމާޒުކޮށްފައި ބުނެލިހެނެވެ. އެހެންވެ އެކަމާ ރޭޝްމާއަށް ވިސްނާލަން ޖެހުނީއެވެ.

ރޭގަނޑުގެ ކެއުން ނިންމާފައި ޒޫރިން އޭނާގެ ކޮޓަރިއަށް އައުމަށް ހިނގައިގަތީ ތަހުސީނާއި ރޭޝްމާއަށް ވަގުތު ދީފައެވެ. ރޭޝްމާއަށް ތަހުސީނު ބަހައްޓާ ގާތްކަން ފެނިފައި ޒޫރިންއަށް އޭނާ ވަރަށް ކަމުދިޔައެވެ. ރޭޝްމާއާ އެންމެ ގުޅޭ ބައިވެރިއަކީ އެއީ ކަމުގައި ޒޫރިން ނިންމީ ހިތުގެ އަޑީންނެވެ. އަދި ހަޔާތުގެ ބައިވެރިއަކަށް ތަހުސީނު ހެދުމަށް ރޭޝްމާއަށް އޭނާ ބާރުއެޅިއެވެ. އެގުޅުން ކުރިއަށް އެހާ ބާރު ދުވެލީގައި ކުރިއަށް އެ ދަނީ އެހެންވެއެވެ. ނަމަވެސް ރޭޝްމާގެ ހަޤީޤަތް ތަހުސީނަށް ހާމަކުރަން އަދިވެސް އޭނާ ފަސްޖެހިފައިވެއެވެ.

ތަހުސީނާ ވާހަކަދައްކަން ސިޓިންރޫމު ސޯފާގައި ރޭޝްމާ އިނެވެ. ހުޅުވާފައި ހުރި ޓީވީއިން ދިވެހި ޑްރާމާއެއް ދައްކަމުން ދިޔައިރު އޭގެ އަޑު ވެސް އިވެމުންދިޔައެވެ. ދެ މީހުން ވާހަކަދައްކަމުން ދިޔައީ އެ ދެމެދުގައި އޮތް ގުޅުމާ ބެހޭގޮތަކުން ނޫނެވެ. އެހެންނަމަވެސް ދުނިޔެވީ ކަންކަމާ މެދުއެވެ. ތަހުސީނު ވެސް ހީވަނީ ރޭޝްމާގެ ގާތުން އޭނާ ކުރަން ބޭނުން ސުވާލުތައް ކުރަން ޖެހިލުންވާހެނެވެ. ފަހަރެއްގައި މިހާރު އޮތް ގާތްކަން ދުރުވެދާނޭ ހީވެފައެވެ. ރޭޝްމާގެ ވާހަކަތަށް އަޑުއަހަން ބޭނުންވިޔަސް އޭނާއަށް ވަގުތު ދޭނަންކަމުގައި ބުނެފައިވަނީ ޚުދު ތަހުސީނު އަމިއްލައަށެވެ.

“އެއިވެނީ ރީންގެ އަޑުތަ؟” ވާހަކައިގައި އިނދެފައި ކުއްލިއަކަށް ރޭޝްމާ ބުނެލިއެވެ. އަދި އޭނާގެ ކަންފަތް ސިޑިއާ ދިމާއަށް ސަމާލުކޮށްލިއެވެ. އެވަގުތު ތަހުސީނުގެ ސަމާލުކަން ވެސް ރޭޝްމާ ހޯދައިފިއެވެ.

“އަންނާނަން ބަލާލާފައި…”

“އަހަރެން ވެސް ދާނަން” ރޭޝްމާއާ އެކުއެކީހެން ސޯފާއިން ތެދުވެ ތަހުސީނު ބުނެލިއެވެ. ރޭޝްމާ ބޯޖަހާލާފައި އަވަހަށް ސިޑީގެ ހަރުފަތްތައް ހުރަސްކޮށް މައްޗަށް އަރަންފެށިއެވެ.

ޒޫރިންގެ ކޮޓަރިއާ ހަމައަށް ރޭޝްމާމެންނަށް ނާދެވިގެން އުޅެނިކޮށް ޒޫރިންގެ ހަޅޭކުގެ އަޑު އެ މީހުންގެ ކަންފަތްތަކުގައި ޖެހުނެވެ. އެހިނދު ރޭޝްމާއަށް ދުއްވައިގަނެވުނެވެ. އަވަހަށް އެއައި ގޮތަށް އައިސް ޒޫރިންގެ ކޮޓަރި ހުޅުވާލިއެވެ.

“ރީން…” ފާޚާނާ ދޮރުކައިރީ އިށީނދެއިން ޒޫރިން ފެނި ރޭޝްމާއަށް ނިކަން ބާރަށް ބުނެލެވުނެވެ. އޭރު ޒޫރިންގެ މޭމައްޗާއި ފާޚާނާ ތެރޭގައި އޮތީ ހޮޑެވެ. އެ މަންޒަރު ފެނިފައި ރޭޝްމާއަށް ވެސް ގޮތްތަކެއް ވެގެންދިޔައެވެ. ނަމަވެސް ދަރިފުޅު އިން ހާލު ފެނިފައި މިވަގުތު އޭނާއަށް އެހީވާން ޖެހޭނޭކަން އެނގޭތީވެ ހިތްވަރުކޮށްފައި އޭނާ ކުރިއަށް ޖެހިލިއެވެ.

“އަހަރެންގެ އެހީއެއް ބޭނުންތަ؟” ރޭޝްމާގެ ފަހަތުގައި ކަންބޮޑުވެފައި ބަލަން ހުރި ތަހުސީނު އަހާލިއެވެ.

“ރީން ސާފުކުރެވޭތޯއެއްނު ބަލަންވީ. އަހަރެން އެކަން ކުރަންދެން ތަހުސީނު ބޭރުގައި މަޑުކޮށްލަންވީނު”

“ރޭޝްއަށް އެކަނިވާނެތަ”

“އާން! އަހަރެންގެ ދަރިފުޅުގެ ކަންކަން އަހަންނަށް ކުރެވޭނެ” ރޭޝްމާ މިހެން ބުނުމުން ތަހުސީނު މަޑުމަޑުން ބޯޖަހާލާފައި އެ ކޮޓަރިން ނުކުމެ ދޮރުލައްޕާލިއެވެ. އެއާއެކު ރޭޝްމާ އޭނާ ލައިގެން ހުރި ޖިންސުގެ ފައިކުރި ކަށިމައްޗާ ހަމައަށް އަރުވާލައިފިއެވެ.

“މަންމާ… އަޅު… ބޯ… ބޯ… މަންމާ…” ޒޫރިން ބޮލުގައި ހިފަހައްޓާލަމުން ވާހަކަދައްކަން މަސައްކަތް ކުރިއެވެ. ރަނގަޅަށް ވާހަކަނުދެއްކިގެން އުޅެނިކޮށް އަނެއްކާ ވެސް އޯކާދެމިފައި ގޮހޮރުގައި ދެން ހުރި އެއްޗެއްވިއްޔާ ހޮޑަށް ބޭރުކޮށްލައިފިއެވެ.

“ރީން… ދަރިފުޅާ! ކިހިނެއްތަވަނީ؟ ބޮލަށް ކިހިނެއްތަ ވަނީ” ހާސްވެފައި ރޭޝްމާ އޭނާގެ ދެއަތްކުރި އުޅަންބޮއްޓަށްވުރެ މައްޗަށް ނަގަމުން ވާހަކަދެއްކިއެވެ. އަދި ނިކަން އަވަހަށް ގުދުވެލާފައި ދަރިފުޅުގެ ކޮނޑުގައި ހިފަހައްޓާލިއެވެ.

ރޭޝްމާ ފާޚާނާގެ ތަޅުންމައްޗަށް ފެންޖަހާ ސާފުކޮށްލާފައި އަތުލަފިކޮށްލައިގެން ޒޫރިން ނަގައިގަނެގެން ގެނެސް މަތިޖަހާފައި ހުރި ފާޚާނާގެ މަތީ ބޭންދިއެވެ. އަދި އަންހެން ދަރިފުޅުގެ ހެނދުން ބަދަލުކޮށް އޭނާ ސާފުކުރުމަށް އުޅެންފެށިއެވެ. ބާރަ އަހަރުން ފެށިގެން އެކަނި ފެންވަރަން ޒޫރިން ދޫކޮށްލި ފަހުން ރޭޝްމާ އޭނާގެ ދަރިފުޅުގެ ހަށިގަނޑު ސާފުކުރުމަށް ގާތްވި މީ ފުރަތަމަ ފަހަރެވެ. ޒޫރިންއަށް ވީގޮތެއް ނޭނގޭތީ ރޭޝްމާ ހުރީ ހާސްކަމެއްގެ ތެރޭގައެވެ. އަތްމަތި އަވަސްކޮށްލާފައި އުޅުނު ރޭޝްމާ ސިހިގެން ދިޔައީ ޒޫރިންގެ ހަށިގަނޑުގައި ހުރި ނިޝާންތަކެއް ފެނިފައެވެ. މޭމަތީގައި ހުރެގެން ނުވާނޭ ހިސާބުގައި ދެތިންތަނެއް ރަތްވެފައި ހުރުމުންނެވެ. ޒޫރިންގެ މޫނަށް ވަރަށް ފުންކޮށް ބަލާލުމަށްފަހު ރޭޝްމާ ދެތުންފަތް ފިއްތާލިއެވެ. ވަރުނެތިގެން ދަރިފުޅު އަރިއަރިއަށް ދާތަން ފެންނާތީ ރޭޝްމާ ހިމޭންކަން ޚިޔާރުކުރީއެވެ. އެހެންނަމަވެސް އޭނާގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅެމުންދިޔައެވެ. ހާސްވެގެން ގޮސް ދެ ލޯ މަރާލެވޭފަހަރު ވެސް އައެވެ.

ބޮޑުތުވާލިން ޒޫރިންގެ ހަށިގަނޑު ނިވާކޮށްލައިގެން ގެނެސް އެނދުގައި އޭނާ ބޭންދިއެވެ. އަދި ރޭޝްމާ އަލަމާރިން ނެގި ޓީޝާޓާއި ކޮޓަން ހަރުވާޅު ޒޫރިން ލައްވާލިއެވެ. އެއަށްފަހު ހަލުވިކޮށް އައިސް ކޮޓަރީގެ ދޮރުހުޅުވާލިއެވެ. އޭރު ކޮޓަރި ދޮރުމަތީ ދެކޮޅަށް ހިނގަހިނގާ ހުރި ތަހުސީނަށް ވެސް ކުއްލި ހުއްޓެއް އައެވެ.

“ތަހުސީނު… ކާރުގަތަ ތިއުޅެނީ” ހާސްވެފައި ހުރެ ރޭޝްމާ އަހާލިއެވެ.

“އާން!… އާން! ކިހިނެއް ހަދައިދޭންވީ” ކުރިއަށް ޖެހިލަމުން ތަހުސީނު ވާހަކަދެއްކިއެވެ.

“ރީން ގަޔަކު އެއްވެސް ވަރެއްނެތް… ހިނގާބަލަ ޑޮކްޓަރަށް ދާން. އޭނާއަށް ފިޓުޖެހިދާނެހެން ވެސް ހީވޭ”

“ހިނގާ… ކޮބާ ރީން…” ތަހުސީނު ވެސް އިތުރަށް ކަންބޮޑުވިއެވެ.

“ރޭޝް ދޭ އެއްޗެހި ބަދަލުކޮށްލަން. ތިހިރީ ވަރަށް ބޮޑަށް ހެދުން ތެމިފައި”

ރޭޝްމާ އަވަސްއަވަހަށް ގޮސް ކޮޓަރިއަށް ވަދެ ހެދުން ބަދަލުކޮށްލައިގެން ނުކުތެވެ. އަދި އަތަށް އޮޅަމުން އައި އިސްތަށިގަނޑު މައްޗަށް ނަގާ ހުޅިއެއް ޖަހާލިއެވެ.

“އަހަރެން ރީން ގޮވައިގެން ސިޑިން ފައިބަފާނަން” ކޮޓަރިއަށް ވަދެ ޒޫރިން ނަގަން ރޭޝްމާ އުޅުނު ގޮތުން ތަހުސީނު ބުނެލިއެވެ. އޭރު ޒޫރިންގެ ޚަބަރު ހުސްވެފައި އޮތެވެ.

އުނދަގުލަކާ ނުލާ ތަހުސީނުގެ އަތްދަނޑިމަތީގައި ޒޫރިން ގެނެސް ކާރަށް އެރުވިއެވެ. ފަހަތު ސީޓުގައި ހަމަޖެހިލި ރޭޝްމާގެ އަތުތެރެއަށް ޒޫރިން ލައިގެން އޭނާ އިންދާ ތަހުސީނު ކާރު ދުއްވާލައިފިއެވެ. ބާރުދުވެލީގައި ތަހުސީނު އައިސް ކާރު ވައްދާލީ ހޮސްޕިޓަލުގެ ގޯތިތެރެއަށެވެ. އަދި ދޮރުމަތީ ކާރު ހުއްޓާލުމާއެކު ދެން ފެނުނީ ފަހަތު ސީޓުގައި އޮތް ޒޫރިން ނަގާ އަތްދަނޑިމައްޗަށް އުފުލާލިތަނެވެ. ބަލީމީހުން އުފުލާ އެނދުހިފައިގެން އައި އެހީތެރިންނާ ތަހުސީނާއި ރޭޝްމާ ދިމާވީ ހޮސްޕިޓަލުގެ ތެރެއަށް ވަދެވުނު ފަހުންނެވެ. އަވަހަށް އެނދުގައި ޒޫރިން ބޭއްވުމާއެކު އަވަސްފަރުވާ ދިނުމަށް ނަރުހުން އުޅުނެވެ. ރޭޝްމާ އިދާރީގޮތުން ނިންމަންޖެހޭ ކަންކަން ނިންމުމަށްޓަކައި ހޮސްޕިޓަލުގެ ކައުންޓަރު ދޮށަށް ދިޔައިރު ތަހުސީނު ނުކުތީ ކާރު ޕާކުކޮށްލާފައި އައުމަށެވެ.

ޖަޒްލާ އަތުކުރީ އޮތް ގަޑިއަށް ބަލާލަފައި ދެ ފިކުރެއްގައި ހުރެ އީތަންއަށް ގުޅާލިއެވެ. އެހެންނަމަވެސް އޭނާގެ ނަންބަރު “ބިޒީ” ކަމަށް ބުނަމުންދިޔައެވެ. އެގޮތަށް ހަވަރަކަށް ފަހަރު މަސައްކަތްކުރި ފަހުން އީތަންގެ ފޯނު ރިންގުވާންފެށިއެވެ. އަދި މި ފަހަރު އީތަން ފޯނު ނަގާ ވާހަކަދައްކަން ފެށިއެވެ.

“މިގަޑީގައި ޝޯންއާއެކުތަ ތިއުޅެނީ. ވަރަށް ގިނަފަހަރު ގުޅައިފިން. ލައިން ބިޒީކަމަށް ވަނީ”

“ކިހިނެއްވީ ޖޭޒް ތި ގުޅީ”

“ވަރަށް ބޮޑު ވާހަކައެއް ދައްކަން ބޭނުންވެގެން. ހެނދުނު ވަންދެން ވެސް ނުހުރެވުނީ”

“ކޮންތާކު ތިހުރީ…”

“ރިސޯޓުގައި މިހިރީ. އަދި މާލެއެއް ނާންނަން. އީތަން. އަހަރެންގެ ފަރާތުން ހެދިފައިވާ ހުރިހާ ގޯހަކަށް އަހަރެން މާފަށް އެދެން. ރުޅި އައިސްފައި މިހެން ތިބޭކަށް އަހަރެން ބޭނުމެއްނޫން. ވީކަންޑުގައި މިކޮޅަށް އަންނަވީނު. ދެ މީހުން ހަމަޖެހިގެންތިބެ ވާހަކަދައްކާލަން. އައި ޕްރޮމިސް ދެން ޒުވާބު ނުކުރާނަންކަން. ޕްލީޒް އީތަން”

އީތަން އަނގައިން ނުބުނެ ހުންނަން ފެށުމުން ޖަޒްލާ އަނެއްކާ ވެސް ވާހަކަދެއްކިއެވެ.

“އީތަން. އަހަރުމެން ދެމީހުންނަށް ރައްޓެހިވެގެން ވަރަށް ދުވަހު އުޅެވިއްޖެކަން އެނގޭ. އަދި އަހަރުމެން ދެމީހުންގެ ގުޅުމާމެދު ދެ މީހުންގެ ޢާއިލާ ވެސް ރުހޭ. އަހަރެން އީތަންދެކެ ވަރަށް ލޯބިވޭ. އަހަރެން ވެސް ޤަބޫލުކުރަނީ އީތަން އަހަންނާ ދުރަށް ނުގޮސް ތިހުންނަނީ އަހަރެން ދެކެ ލޯބިވާތީ ކަމުގައި. އިތުރަށް ދެން ދުވަސްތައް ބޭކާރުކުރާކަށް އަހަރެން ބޭނުމެއްނޫން. އީތަން.. އަހަރެން ނިންމައިފިން މެރީ ކުރަން… މަންމަމެން ވެސް ވަރަށް ބޭނުންވެފައި ތިބީ އަހަރުމެން ދެމީހުން ކައިވެނި ކުރާނެ ދުވަހަކަށް… އީތަން. ކީއްވެތަ ވާހަކަ ނުދައްކަނީ. އަދިވެސް ރުޅި އައިސްފައިތަ؟ އަހަރެން އިސްވެ ގުޅީމާ ވެސް އީތަން އުފަލެއް ނުވިތަ؟”

“ޤަބޫލުނުކުރެވިފައި މިހުންނަނީ” އެންމެފަހުން އީތަން ބުނެލިއެވެ.

“ކޮންކަމެއް” ޖަޒްލާ އަހާލިއެވެ.

“ޖޭޒް ސީރިއަސްކޮށް ވެސް އަހަންނާ މެރީކުރަން ބޭނުންވާކަން”

“އަހަރެން އަބަދުވެސް މެރީ ކުރަން ވިސްނާފައި އޮތީ އީތަންއާ. އެކަމަކު މިހާ ދުވަހު މަޑުކުރީ މެރިއޭޖަކަށް އަހަރެން ރެޑީއެއްނޫނޭ ހިތަށް އަރާވަރުން. މިހާރު ރިއަލައިޒްވެއްޖެ ދުވަހަކު ވެސް ރެޑީއެއްނުވާނޭކަން. އެއީ އަސްލު މެރީކޮށްގެން އުފުލަންޖެހޭ ޒިންމާތަކުން ރެކެން ދެއްކުނު ބަހަނާއެއް… ބަޓް ނައު އައި އޭމް ރެޑީ… ހަމަ ވަރަށް ސީރިއަސްކޮށް މިބުނީ. އަހަރެން ބޭނުންވަނީ އީތަންއާ ވީ އެންމެ އަވަހަކާ މެރީ ކުރަން. މާލެ ގޮސްފައި މަންމަ އާއި ބައްޕަ ގާތު ވެސް ބުނަން ބޭނުން. އެކަމަކު އޭގެ ކުރިން އަހަރެން ބޭނުންވަނީ އީތަންއާ މިކޮޅުން މީޓުކޮށްލަން. މި ވީކަންޑުގައި އީތަން އަންނާނަމޭ ބުނެބަލަ. އޭރުން އަހަރެން މިކޮޅުން ހުރިހާ ކަމެއް ހަމަޖައްސާނަން”

އީތަން ދާނަން ކަމަށް އެއްބަސްވެފައި ފޯނު ބޭއްވިއެވެ. އަދި ނިކަން އަވަހަށް ފޯނަށް ބަލާލިއެވެ. ބާރައިގެ ފަސްވުމާއެކު ފޯނުން ދައްކަނީ ބުދަދުވަސް ފެށިއްޖެކަމުގައެވެ. އޭނާ ވިސްނާލަން އިރުކޮޅަކު އިނެވެ. އެހެން އިނދެފައި އަނެއްކާ ވެސް ފޯނަށް ބަލާލާފައި ޒޫރިންއަށް ގުޅަން ފެށިއެވެ. ނިތްކުރީގައި އަތްހާކާލާފައި އީތަން ދެކޮޅަށް ހިނގަންފެށީ ޒޫރިންގެ ޚަބަރެއް ނުވެގެނެވެ.

ކޮޓަރިތެރޭ ދެކޮޅަށް ހިނގާލަ ހިނގާލާ ހުރެފައި އެންމެފަހުން ޒޫރިންއަށް ގުޅާގުޅާ ފޯނު ނުނަގައިގެން އީތަން އައިސް އެނދުގައި އިށީނެވެ. ދެބުމަ ކައިރިކޮށްލަމުން އެއްއަތުން މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށިގަނޑުގެ ބައި ފަހަތަށް އަތްފުނާ އަޅާލިއެވެ. އަދި ފޯނަށް ބަލަން އިންގޮތުން ހީވަނީ އޭނާ ކަމަކާ ވިސްނަނީހެންނެވެ.

ރޭޝްމާ ނޫން މީހަކަށް ޒޫރިންގެ ގާތުގައި ނީނދެވުނެވެ. ތަހުސީނަކީ ޢާއިލާ މީހަކަށް ނުވާތީ ޒޫރިން ބާއްވާފައި އޮތް ހިސާބަކަށް އޭނާއެއް ނުވެއްދިއެވެ. އެހެންވެ އަވަސްފަރުވާދޭ ބައިގެ ބޭރުގައި ހުރި ގޮނޑިބަރީގައި ތަހުސީނު މަޑުކޮށްލައިގެން އިނީ ޒޫރިންގެ ޚަބަރެއް ހިފައިގެން ރޭޝްމާ ނުކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. އަނެއްކޮޅުން އެފަދަ ނާޒުކު ދަނޑިވަޅެއްގައި ރޭޝްމާ އާއި އޭނާގެ ދަރިފުޅު ދޫކޮށްލާފައި ތަހުސީނު ދާން ބޭނުންނުވީއެވެ.

“ހޭއަރާނީ ކޮންއިރަކުން. ކިހިނެއްތޯ ވީ މީނާއަށް” ނަރުސްކުއްޖާ އައިސް ޒޫރިންއަށް ގުޅާފައިވާ އައިވީ ރަނގަޅުކޮށްލާފައި ޒޫރިންގެ ވިންދު ޗެކުކޮށްލުމުން ކެތްތެރިކަން ކުޑަވެފައި އިން ރޭޝްމާ ސުވާލުކޮށްލިއެވެ.

“މާބޮޑަށް ވަރުދެރަވީހެން ހީވަނީ. ޑޮކްޓަރ އެދިލެއްވި ޓެސްޓެއް ވެސް ހަދާލަން. މީގެ ކުރިން މިގޮތަށް ދިމާވެފައި ނުވާތީ ފުޑް ޕޮއިޒަނިންގއެއް ތޯ ޗެކުކޮށްލަން ވާނެއެއްނު ދޯ” ނަރުސްކުއްޖާގެ ހިތްހެޔޮކަމުން ރޭޝްމާއަށް ފުންނޭވާއެއް ދޫކޮށްލެވުނީ މާބޮޑުކަމެއް ނުވާނޭ ހިތަށް އަރާފައެވެ. އެހެންނަމަވެސް ޒޫރިންއަށް ބަލާލުމާއެކު އެ ލިބުނު ކުޑަކުޑަ ހިތްހަމަޖެހުން ވަގުތުން ގެއްލިއްޖެއެވެ. އެއާއެކު ރޭޝްމާގެ ސިކުނޑީގައި ސިފަވެގެން އައީ ޒޫރިންގެ މޭމަތީގައި ރަތްވެފައި ހުރި ތަންތަނެވެ. އެ ދޮންހަށިގަނޑުގައި މީހަކު ބާރަށް ހިފައިފިނަމަ އެ ނިޝާން ސިއްރެއް ނުވާނެއެވެ. ޒޫރިންގެ މޭމަތީގައި އެވަނީ ކޮންމެ ވެސް މީހަކު ކޮށްފައިވާ ހުތުރު ޢަމަލެއްގެ ނިޝާންތަކެއްކަން ރޭޝްމާއަށް ޔަޤީންވިއެވެ. ޒޫރިންގެ އެނދުކައިރީ އިށީނދެ އިނދެ ދެއަތްތިލައިގެ ތެރޭ މޫނުފޮރުވާލެވުނީ ހިތަށް ވަދެގެންދިޔަ ބިރުވެރިކަމެއްގެ ސަބަބުންނެވެ.

ދުވަހަކު ވެސް ޒޫރިންއަށް ކަމުދާ ފިރިހެންކުއްޖެއްގެ ވާހަކަ ރޭޝްމާގެ ގާތުގައި ދައްކާފައި ނުވާތީ އެ ފަދަ ހިލަމެއް ވެސް ރޭޝްމާއަށް ނުވީއެވެ. އަނެއްކޮޅުން ޒޫރިން ނުބައި މަގަކުން ދިޔަ ނުދިނުމަށްޓަކައި ރޭޝްމާ ކުރިހާ މަސައްކަތެއް މިއަދު ބޭކާރުވެއްޖެކަމުގެ އިހުސާސް ކުރެވިއްޖެއެވެ. ރޭޝްމާއަށް ފެނިގެން ދިޔަ މަންޒަރަކީ ޒޫރިންގެ ހަޔާތަށް ފިރިހެނަކު އައިސްފިކަން އަންގައިދޭ ހެއްކެކެވެ. އަދި އެމީހަކާއި ޒޫރިންއާ ދެމެދު އޮތް ގުޅުމުގެ ގާތްކަން އަންގައިދޭ ނިޝާނެކެވެ. އެހެންވިޔަސް އެ ގުޅުން ކުރިއަށް ގޮސްފައި އޮތް މިންވަރެއް އޮޅުން ފިލުވަން ރޭޝްމާ ވަރަށް ބޮޑަށް ބޭނުންވެއެވެ. ޒޫރިން ރަނގަޅުވެލުމުން އޭނާއާ އެންމެ ފުރަތަމަ ކުރާ ސުވާލަކަށް އެ ސުވާލު ހެދުމަށް ރޭޝްމާ ނިންމިއެވެ. ދަރިފުޅުގެ ދިރިއުޅުން ހަލާކުވެ ނުދަނީސް ސަލާމަތްކުރަން ރޭޝްމާއަށް ކުރެވެން އޮތްކަމެއްވިއްޔާ އޭނާ ކުރާނެއެވެ.

ލޭނަގައިގެން ހެދި ޓެސްޓުތަކުގެ ނަތީޖާ ލިބުނީ ދަންވަރު ދޭއްޖަހަން އުޅެނިކޮށެވެ. އޭރު ޒޫރިންއަށް ހޭވެރިކަމެއްވެއްޖެއެވެ. އަދި މަޑުމަޑުން ލޯ ހުޅުވާލާފައި ފެންބޮވަނީއޭ ބުނެފައި އަނެއްކާ ވެސް ލޯމަރާލީއެވެ. އެއަށްފަހު އޭނާ އޮތީ ނިދީގައިކަން ނަރުސްކުދިން ޔަޤީންކޮށްދިނެވެ. އަދި އައިވީ ހުސްވާންވާއިރަށް ގައިގާ ވަރުޖެހިލާ ޒޫރިން ރަނގަޅުވެދާނޭކަމުގައި ވެސް ބުނެލިއެވެ. އޭރު ޑޮކްޓަރު ޒޫރިންގެ އެނދު ކައިރީ ހުރެ ޓެސްޓުތަކުގެ ނަތީޖާ ރިޕޯޓު ބަލަމުން ދިޔައެވެ.

“މަންމަ ދޯ ތީ… މިކޮޅުގައި މާގިނައިރު ބާއްވާކަށް ނުޖެހޭނެ. އައިވީ ހުސްވީމާ ޒޫރިން ގެއަށް ގެންދިޔަސް ރަނގަޅުވާނެ. އިހަށް ދުވަސްކޮޅަކަށް ޗީޒް އަޅާފައި ހުންނަ ކާނާ ބޭނުންކުރުން ހުއްޓާލަން ފެނޭ. ބަލިވެ އިނުމުން ބައެއް ކަހަލަ ކާނާ ހަށިގަނޑު ބަލައެއް ނުގަންނާނެ. ބޮޑަށް ބެލެވެނީ އެހެންހެން އެވީ”

ޑަކްޓަރު ރޭޝްމާއަށް އިޝާރާތްކޮށް މަންމަތޯ އަހާލުމުން އޭނާ ބޯޖަހާލިއެވެ. އަދި ޑަކްޓަރުގެ ވާހަކަ އަޑުއަހަން ހުރެފައި ރޭޝްމާ ސިހުނީ ޑަކްޓަރު އެންމެފަހު ބުނެލި ބަސްތަކުންނެވެ. އެހިނދު ވަގުތުން އެނދުގައި އޮތް ޒޫރިންއަށް ބަލާލެވުނެވެ. ޤަބޫލުނުކުރެވިގެންނެވެ. ޑަކްޓަރު ބެއްލެވީ ނުބައި ޓެސްޓު ރިޕޯޓެއްކަމަށް ހީކޮށް ރޭޝްމާ ސުވާލުކުރިއެވެ.

“ބަނޑުބޮޑޭތޯ”

“ޔެސް. މީ ޕޭޝަންޓު ޒޫރިން ނޫންތޯ…” ޑަކްޓަރު ވެސް ކުޑަކޮށް ހައިރާންވެފައި ގާތުގައި ހުރި ނަރުސްކުއްޖާއަށް ބަލާލިއެވެ. އެހިނދު އޭނާ ބޯޖަހާލީ އެނދުގައި އޮތް ބަލިމީހާއަކީ ޒޫރިންކަން ޑަކްޓަރަށް ޔަޤީންކޮށް ދިނުމަށެވެ.

“ޒޫރިން. ޝީ އިޒް ޕްރެގްނެންޓް. ސްކޭން ހެދީމާ ކިހާ ދުވަހެއްކަން އެނގޭނެ. އެހެންވީމަ އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކަށް ދައްކާލުން މުހިންމު. އޭރުން އިތުރު މަޢުލޫމާތު އެ ޑޮކްޓަރު ދެއްވާނެ”

ޑަކްޓަރުގެ އަތުގައި އޮތް ރިޕޯޓު ނަރުސްކުއްޖާއަށް ދިއްކޮށްލަމުން އޭނާއާ ވާހަކަތަކެއް ދައްކާލާފައި އެތަނުން ހިނގައްޖެއެވެ. އެއާއެކު ނަރުސްކުއްޖާ އެބަ އަންނަން ކަމުގައި ބުނެ ހިނގައިގަތެވެ.

ރޭޝްމާއަށް ޒޫރިންގެ އެނދު ކައިރީ ހުރި ގޮނޑީގައި އިށީންނާކަށް ވެސް ނޭނގުނެވެ. ކަންބޮޑުވެފައި ދަރިފުޅާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެހެންހުންނަތާ އެތައް އިރެއްވީފަހުން ޒޫރިން ލޯ ހުޅުވާލިއެވެ.

“މަންމާ…” ރޭޝްމާ ބަލަންހުރި ގޮތް ފެނިފައި ޒޫރިން މަޑުމަޑުން ގޮވާލިއެވެ. އެއާއެކު ރޭޝްމާ އޭނާގެ ފެންކަޅިވެފައިވާ ދެ ލޯ ދެއަތުން ފުހެލާފައި ޒޫރިންއަށް ފުރަގަސްދެމުން ތުންފިއްތާލިއެވެ.

“މަންމާ. އަޅުގަނޑަށް އެއްވެސް ކަމެއް ނުވެޔޭ. އެ ސަބްމެރީންގަ ކޮންމެވެސް އިތުރު އެއްޗެއް ހުރީމަ ކަންނޭނގެ އެވަރަށް ހޮޑުލެވުނީ. މިހާރު އޯކޭ އޭ… މަންމަ ރޮނީތަ؟” ޒޫރިން ކަންބޮޑުވިއެވެ.

ރޭޝްމާއަށް ލިބުނު ޚަބަރާއެކު ޒޫރިންއާ ކުރިމަތިލާނެ ހިތްވަރު ވެސް އޭނާގެ ނެތުނު ކަހަލައެވެ. ހަދާނޭގޮތެއް ބުނާނޭ އެއްޗެއް ނޭނގިފައި ރޭޝްމާއަށް ހިނގައިގަނެވުނީ ބޭރަށް ނުކުންނާށެވެ. އަވަސްފަރުވާދޭ ބައިން ބޭރަށް ނުކުމެވުނު ތަނާހެން ގޮނޑިބަރީގައި އިން ތަހުސީނު ފެނި ހައިރާންވިއެވެ. އޭނާ އަދިވެސް އެތަނުގައި އިނދެދާނޭ ކަމަކަށް ރޭޝްމާ ހިޔެއްނުކުރެއެވެ. މިވަގުތު ރޭޝްމާގެ ހިތްވަރަކަށްވީ ތަހުސީނެވެ. ކަންބޮޑުވެ ހާސްވެފައި ހުރެ އައިސް ތަހުސީނުގެ ގާތުގައި މަޑުކޮށްލިއެވެ.

“ކިހިނެއްވީ؟ ކޮބާ ރީން؟ ރޭޝް… ވާހަކަދައްކަބަލަ…” ތަހުސީނު މަޑުމަޑުން ރޭޝްމާގެ ކޮނޑުގައި ހިފާ ގެނެސް ގޮނޑީގައި ބޭންދިއެވެ. އަދި ސުވާލު ކުރަމުންދިޔައެވެ. ރޭޝްމާގެ ދޫ ހަރަކާތްކޮށްލާފައި ވެސް ވަށައިގެން ނަޒަރު ހިންގާލުމާއެކު ކުއްލިއަކަށް އޭނާގެ ދޫ ބަންދުވެއްޖެއެވެ. ތަހުސީނަށް އިތުބާރުކުރަން އަމިއްލަ ހިތް ބުނަމުންދިޔަ ނަމަވެސް ރޭޝްމާއަށް އެކަމެއް ނުވިއެވެ. ތަހުސީނުގެ ގާތު ޒޫރިންގެ ވާހަކައެއް ދެއްކުމަށް ރޭޝްމާ ފަސްޖެހެނީއެވެ. ޒޫރިންއަކީ ހަމައެކަނި ރޭޝްމާގެ ޒިންމާއެއްކަމުގައި ޤަބޫލުކުރާތީއެވެ. އަނެއްކޮޅުން އަމިއްލަ ނަފްސު ކުއްވެރިކުރެވެނީއެވެ.

“އަހަރެން ވެސް ހާސްވެފައި މިއިންނަނީ. ރޭޝް ތިހެން ދެރަވެފައި އިނީމަ އިތުރަށް ކަންބޮޑުވޭ. އާދޭސްކުރަން. ނިކަން ވެގެން އުޅޭގޮތެއް ކިޔައިދީބަލަ. ރީން އަދިވެސް ހޭނާރާތަ؟ އެކުއްޖާގެ ހާލަކީ ކޮބާތަ؟” ރޭޝްމާގެ އަތްތިލަ ނަގާ ތަހުސީނުގެ ދެއަތްތިލައިގެ ތެރޭ ބާރުކޮށްލަމުން އޭނާ އާދޭސްކުރިއެވެ.

“ރީން ހޭއަރައިފި. އިރުކޮޅަކުން ފޮނުވާލާނެ” އިސްޖަހާލައިގެން އިނދެ ރޭޝްމާ ބުނެލިއެވެ. މި ނޫނީ ރޭޝްމާގެ މޫނުމަތިން އަޖައިބެއް ފަދަ ހާސްކަމެއް ތަހުސީނަށް ފެނިފައެއްނުވެއެވެ. ދެ ލޮލަށް ބަލާލުމުން ހީވަނީ ރޯން ނުރޯން އުޅޭހެނެވެ.

“އަލްޙަމްދުލިއްﷲ… އަހަރެން ދާނީ ރޭޝް އާއި ޒޫރިން ގެއަށްލާފައި. އެހެންނޫނީ ގެއަށް ދެވުނީމާ ވެސް ވިސްނޭނީ ތި ދެމައިންނާ މެދު” ތަހުސީނުގެ ވާހަކައަށް ރޭޝްމާ ބޯޖަހާލިއެވެ.

ރޭޝްމާއާ ކުރިން ވާހަކަދެއްކި ނަރުސްކުއްޖާ އަވަސްފަރުވާދޭ ބައިން ބޭރަށް ނުކުމެ ދެފަރާތް ހޯދާލާފައި ރޭޝްމާގެ ގާތަށް އައެވެ.

“ޒޫރިން އޭނާގެ މަންމައަށް ގޮވާލަދިނުމަށް އެދޭތީވެ”

“އަނެއްކާ އުނދަގުލެއްވަނީތަ” ކޮޅަށް ތެދުވި ތަހުސީނު އަވަސްއަވަހަށް އަހާލިއެވެ.

“ނޫން. މިހާރު ގައިގާ ވަރުޖެހިލައިފިހެން ހީވަނީ. އައިވީ ނައްޓާލާނަން އިރުކޮޅަކުން. މިއައީ ޒޫރިންގެ މަންމައަށް ގޮވާދޭށޭ ކިޔާވަރުން” ނަރުސްކުއްޖާ ހިނިތުންވެލާފައި ބަލާލީ ރޭޝްމާއަށެވެ. އަދި އޭނާ އެނބުރި އައިކޮޅަށް ހިނގައްޖެއެވެ.

“ރޭޝް ދޭ އެތެރެއަށް. ރީން ދޫކޮށްލަންދެން މިތާ އަހަރެން މަޑުކޮށްލާނަން” ރޭޝްމާގެ ކޮނޑުގައި ހިތްވަރުދޭ ފަދަ ގޮތަކަށް ފިރުމާލަމުން ތަހުސީނު ބުނެލިއެވެ.

ޒޫރިން އޮތީ ރޭޝްމާ އުޅޭ ގޮތުން ކަންބޮޑުވެފައެވެ. އޭނާ ބަލިވެއްޖެނަމަ ރޭޝްމާ އަބަދުވެސް ވަރަށް ހާސްވާނެއެވެ. އެންމެ ސުކުންތަކަށް ވެސް ދުރަކަށް ނުދާނެއެވެ. ހަޤީޤަތް ނޭނގި އޮތް ޒޫރިންއަށް ހުރިހާ ކަމަށް ވިސްނުން ހިންގިއެވެ. ހަމައެކަނި ހިތަށް ނޭރީ އޭނާ އާއި އީތަންގެ ދެމެދުގައި އޮތް ގުޅުން ރޭޝްމާއަށާއި މުޅި ދުނިޔެއަށް ފަޅާއަރާފާނެކަމެވެ. ކުޑަކޮށް ވެސް އެކަމުގެ ޚިޔާލެއް އޭނާގެ ނެތެވެ. ދޭތެރެ ދުރުކުރުމަށް ހުންނަ ބޭސްތައް ޤަވައިދުން ބޭނުންނުކުރާނަމަ ބަނޑުބޮޑުވުމުގެ ފުރުޞަތު އޮވެއެވެ. ވަރަށް ކުޑަ އިންސައްތައަކުން ބޭސް ބޭނުންކުރަމުން ދަނިކޮށް ވެސް ބަލިވެ އިނދެދާނެއެވެ. ކައިވެނިން ބޭރުގައި ބަލިއިނުމުން ތިމާގެ އަބުރާއި އިއްޒަތް ވެއްޔާ މޮޑެވި ފަސްބައިގައި ދުވަހަކު ވެސް ނުފިލާނޭ ވަރުގެ ލައްގަނޑެއް ޖެހޭނޭކަން ކަށަވަރެވެ. ދުނިޔެ އެމީހަކަށް މަލާމާތް ރައްދުކުރާއިރު ކެތްކޮށްލެވެނީ މަދު މީހަކެވެ. ޒޫރިންގެ މިއިން އެއްވެސް ކަމަކަށް ޚިޔާލެއް ފިކުރެއް ނެތެވެ. ކަމެއް ކުރުމުގެ ކުރިން އެކަމުގެ ނަތީޖާ ނުކުމެދާނެ ގޮތަކާ މެދު އެއްފަހަރު ވެސް ވިސްނާލުމެއްނެތެވެ.

ނުނިދިގެން އެނދުގައި ފުރޮޅިފުރޮޅި އީތަން އޮތީއެވެ. ޒޫރިން ފޯނު ނުނެގުމުން އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ކިތަންމެ ސިއްރުން އުޅުނު ނަމަވެސް ޒޫރިންއަކީ އީތަންއަށް ވަރަށް ޚާއްޞަ ކުއްޖަކަށްވަނީ ވެފައެވެ. ޒޫރިންގެ ޖެހިލުން ކުޑަކަމާއި އޭނާގެ މިޒާޖު އީތަންއަށް ކަމުދެއެވެ. ޒޫރިންގެ ގާތްކަމާއި ލޯބިވެތި އަދާތަކުން އީތަންއަށް ބުނެދޭންނޭނގޭ ގޮތްތަކެއް ހިތަށް އިހުސާސްކުރެވެއެވެ. އެކަނި ހުންނަ ވަގުތުތަކުގައި ޒޫރިންގެ ޚިޔާލުތައް އީތަންގެ ސިކުނޑި ވަށާލައެވެ. އެފަދަ ވަގުތުތަކުގައި ތުންފަތަށް ހިނިތުންވުން ވެރިވެގެން ދަނީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ.

އީތަންއަށް ނިދުނު އިރެއް ނޭނގެއެވެ. ހޭލެވުނީ ހަމްރާ އައިސް ދޮރުގައި ޓަކިދޭ އަޑަށެވެ. އަވަސްއަވަހަށް އެނދުން ފުންމާލައިގެން އައިސް ދޮރު ހުޅުވާލިއެވެ.

“ހަތެއްޖަހައިފި. މިއަދު ގަޑިނުޖެހި އޮފީހަށް ދެވޭނޭކަމެއް ވެސް ނޭނގެ. ކޮންއިރެއް މަންމަ ގޮވާތާ” ދޮރުމަތީ ހުރި ހަމްރާ ބުނެލިއެވެ.

“ތެންކިއު މަންމާ… މި ވަރަށް އަވަސްކޮށްލަނީ. ސައިބޯނީ އޮފީހަށް ނުކުމެފައި” އީތަން މިހެން ދޮރުލައްޕާފައި އޮފީހަށް ދިއުމަށް ތައްޔާރުވާން އަވަސްވެގަތެވެ.

އޮފީހަށް ދިއުމަށް އީތަން ނުކުތްއިރު ފޯނަށް މެސެޖެއް އައިސްފައި އޮއްވާ ފެނުނެވެ. އެހެންނަމަވެސް ލަސްވެފައި ހުރިވަރުން ފަޓުލޫނުގެ އަރިމަތީ ޖީބަށް ފޯނުކޮށްޕާލާފައި ބޭބެ އައިދަންގެ ސައިކަލު ފަހަތުގައި އޮފީހާ ދިމާއަށް އައެވެ. ގަޑިނުޖެހި އީތަންއަށް އޮފީހަށް ވަދެވުނީ ކިރިޔާއެވެ. ކާޑުޖަހާފައި އީތަން އައިސް ނުފައިލުގެ ކެބިންއަށް ބޯދިއްކޮށްލިއެވެ. އޭނާ ވަރަށް ހެނދުނާ އޮފީހަށް އަންނާނެކަން އެނގޭތީއެވެ. އޭރު ޓްރޭގައި ހުރި ހުރިހާ ލިޔުމެއް ނަގައިގެން އެ ތަކެތި ބެލުމަށްފަހު ސޮއި ޖަހަންޖެހޭ ލިޔުންތަކުގައި ސޮއިކުރަމުން ދިޔައެވެ.

“ގުޑް މޯނިންގ” އީތަން ބުނެލިއެވެ.

“މޯނިންގ… ތެޅެމުންފޮޅެމުން ދޯ ތިއައީ… ރަނގަޅަށް މޯނިންގ ވިހެނެއް ވެސް ހިޔެއްނުވޭ” ނުފައިލު ހީނލާފައި ބުނެލިއެވެ.

“މިއަދު ތަންކޮޅެއް ލަހުން ހޭލެވުނު ދުވަހެއް. ސައިބޯން ދަމުން އަޅުގަނޑަށް އަންގާލައްޗޭ” ކެބިންގެ ދޮރުގައި ހިފަހައްޓައިލައިގެން ހުރި ގޮތަށް އީތަން ބުނެލިއެވެ. ނުފައިލު ބޯޖަހާލުމުން ދޮރުލައްޕާލާފައި އައިސް އީތަންގެ މޭޒުދޮށުގައި އޭނާ އިށީނެވެ.

މޭޒުމަތީ ހުރި ސިސްޓަމް ހުޅުވަން ޖެއްސުމާއެކު ޖީބުގައި އޮތް ފޯނުމަތިން ހަނދާންވީ ދެނެވެ. އަވަހަށް ނަގާ ފޯނު ބަލާލިއެވެ. އިސްކުރީނު ހުޅުވާލުމާއެކު ޒޫރިންގެ ނަމުގައި އޮތް މެސެޖެއްކަން އެނގި އަވަހަށް ހުޅުވާލިއެވެ.

“އައި އޭމް ޕްރެގްނެންޓް. ވެރީ ސޮރީ… އައި ޑޯންޓް ނޯ ވަޓް ހެޕެން. މަންމަ ބޭނުންވަނީ އީތަންއާ މީޓުކުރަން. މިގަޑީގައި އީތަން އޮފީހުގައި އުޅޭނެއޭ ބުނީމާ ބުނީ އޮފީސް ނިންމާފައި އަންނާށޭ ބުނާށޯ. އައި އޭމް ސޮރީ އީތަން…”

މެސެޖު ކިޔާލި އީތަންގެ ދެ ލޯ ބޮޑުކޮށްލެވުނެވެ. ޔަޤީން ނުވެގެން ދެތިން ފަހަރަށް މެސެޖު ކިޔާލިއެވެ. ޒޫރިން އެހާ ހެނދުނާ އެކަހަލަ ސަމާސާއެއް ކޮށްފާނެބާއޭ ހިތަށް އެރިއެވެ. ވަގުތުން ޒޫރިންގެ ފޯނަށް އީތަން ގުޅިއެވެ. ހަމަ ގުޅުމާއެކު ފޯނު ނަގައިފިއެވެ. އީތަން ހެލޯއޭ ބުނެލަންވާއިރަށް އިވުނީ ޒޫރިންގެ ރުއިމުގެ އަޑެވެ.

ބުނާނޭ އެއްޗެއް ނޭނގި ކަންފަތުގައި ފޯނު ޖައްސާލިގޮތަށް އީތަންއަށް އިނދެވުނީއެވެ. ހުއްޓުމެއްނެތި ޒޫރިން ރޮމުން ދިޔަ އަޑު ފޯނުން އިވިއިވި ހުއްޓެވެ. ޒޫރިން ފޮނުވި މެސެޖުގެ ތެދުކަން އިތުރަށް އޮޅުން ފިލުވުމުގެ ބޭނުމެއްނެތެވެ. ގިސްލެވިފައިވާ އަޑަކުން ޒޫރިން ރޮމުން ދިޔައިރު އެއީ ތެދު ހަޤީޤަތްކަން އީތަންއަށް ޤަބޫލުކުރަން މަޖުބޫރުވިއެވެ.

“ކޮންއިރަކު އެނގުނީ” ބަސްހުއްޓިފައި އިން އީތަން އެތައް އިރެއްފަހުން އަހާލިއެވެ. އެއާއެކު ރޮމުން ޒޫރިން ވާހަކަދެއްކިއެވެ. ލޭގެ ޓެސްޓުގެ ނަތީޖާ ދައްކާ ގޮތުން އޭނާ އިނީ ބަލިވެ ކަމެވެ. އަދި އެކަން ޔަޤީން ކުރަން ފަހުން ވެސް ރޭޝްމާ ވަނީ ލޭގެ ޓެސްޓެއް ހަދުވާފައި ކަމެވެ.

“ދެން ނުރޮއެ… އަހަންނަށް ދެވޭނީ އޮފީސް ނިންމާފައި. ފަހުން ގުޅާނަން” ހާސްކަމުގެ ތެރެއިން ދެބުމަ ކައިރިކޮށްލެވުނު އީތަން ފޯނުކޯލު ކަނޑާލީ އިތުރަށް ދައްކާނޭ ވާހަކައެއް ނޭނގިގެންނެވެ.

ދެއަތުން ފޯނުގައި ހިފަހައްޓާލައިގެން ދެ އުޅަންބޮށިކޮޅު ފައިގައި ޖައްސާލައިގެން ކުޑަކޮށް ގުދުވެލައިގެން އިން އީތަންގެ މޫނުމަތިން ފެންނަނީ އިންތިހާ ދަރަޖައިގެ ހާސްކަމާއި ކަންބޮޑުވުމެވެ. ޒޫރިން ބަލިވެ އިންނަންވީ އެއްވެސް ސަބަބެއް އީތަންއަކަށް ނުވިސްނުނެވެ. ބަލިވެ އިނުމުން ރައްކާތެރިވުމުގެ ގޮތުން ޒޫރިން ބޭސް ބޭނުންކުރަމުން ދަނިކޮށް މިހެން ވެދާނެއޭ އީތަންއަށް ޤަބޫލުނުކުރެވެނީއެވެ. ހަދާނޭ ގޮތެއް ނޭނގިފައި ވިސްނަން އިނދެވުނީ ކިހާ އިރަކުކަމެއް އީތަންއަކަށް ނޭނގުނެވެ.

“ހާދަ ވަރަކަށް ތި ސިހުނީ. އަދިވެސް ހޭނުލެވެނީ ދޯ… ހިނގާ ކޮފީއެއް ބޯލަން. މަސައްކަތް ފެށޭނީ އޭރުންހެން މަށަށް ހީވަނީ” ނުފައިލު އައިސް އީތަންގެ ކޮނޑުގައި އަތްޖައްސާލުމުން އޭނާއަށް ވީގޮތް ފެނިފައި ބުނެލިއެވެ.

“ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީ މި އިނީ” އީތަންގެ މޫނުމަތީގައިވި ހާސްކަން ފޮރުވަމުން ބުނެލިއެވެ.

“ރޭގައި އަނެއްކާ ކޮންކަމެއްކޮށްލީ؟ އެހެންޏާ ފެންނާނީ ނިކަން ތާޒާކޮށް. ބަލީތަ؟” ނުފައިލުގެ ސުވާލުތަކުން އީތަންގެ ބޯ އިތުރަށް ހާސްކުރުވިއެވެ. މިއަދު އޮފީހުގައި މަސައްކަތް ނުކުރެވޭނެއޭ އީތަންގެ ހިތަށް އަރަމުން ދިޔައެވެ. އެހެންވެ ނުފައިލު ބަލިތޯ އަހާލުމުން ޖަވާބުދޭން އަވަސްވެލިއެވެ.

“ރޭގައި ކަމެއްނުކުރަން. ހީވަނީ ހުންވައްތަރުވާން އުޅެނީހެން. މިއަދު ސަލާމް ހައްދާލަން ވެސް ހިތަށް އެރި”

“ނަސީބެއް މިއަދު އީތަން އައިކަން. ވަރަށް މުހިއްމު ކަމެއް ހަވާލުކުރަންވެފައި އެބައޮތް. އީތަން ނޫނީ ދެންނެތް އެކަން ހަވާލުކުރެވޭނޭވަރު މީހަކު. އަހަންނަށް މައްސަލައެއްނެތް އެކަން ކޮށްލާފައި އީތަން ގެއަށް ގޮސްލިޔަސް. މާގިނައިރެއް ނުނަގާނެ އެކަމުގައި…. އިހަށް ހިނގާ ކޮފީއަކަށް. ގޮސްތިބެ ވާހަކަދައްކާނީ…” ނުފައިލުގެ އަތުގައި އޮތް އަވިއައިނު ލޮލަށް ހެޔޮވަރުކޮށްލަމުން އޮފީހުން ނުކުންނަން ހިނގައިގަންނަމުން އީތަންއަށް އައުމަށް ހަނާއަޅާލިއެވެ.

މަޑުމަޑުން ހިނގަމުން އައި ޖަޒްލާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެފައިވެއެވެ. ބޮލުގައި އޮތް ތޮފީގެ ފުޅާކަމުން އޭނާގެ ދެކޮނޑާ ހަމައަށް ހިޔާއެޅިފައި ވެއެވެ. ދޭތެރެއަކުން އެއްއަތުން ތޮފީގެ ކައިރިފަށުގައި ހިފާލާފައި މަތީގައި އޮތް ސާފުއުޑަށް ބަލާލައެވެ. ވިއްސާރަކުރުމަށްފަހު މޫސުން ރީތިވެލާފައި އޮތުމުން ވަށައިގެންވާ މަހައުލު ފެންނަނީ ނުހަނު ހިތްގައިމުކޮށެވެ. ވައަތުން ދެ ފައިވަންކިބަ ނަގައިގެން ހުސްފައިގާ ޖަޒްލާ ހިނގަންފެށީ ރިސޯޓުގެ ވަށައިގެން އޮތް ރީތި ދޮންވެލިގަނޑުގައި ފައިބީއްސާލުމުގެ ހިތްހަމަޖެހުން ލިބިގަތުމަށެވެ. އެކަނިވެލަން ބޭނުންވި ނަމަވެސް އަތިރިމަތީގައި ހޭލަމޭލަވެ އުޅޭ ފަތުރުވެރިންގެ ސަބަބުން އެކަން ފަސޭހަކަމަކަށް ނުވިއެވެ.

“މޯނިންގ…” ކުއްލިއަކަށް ދަންނަ އަޑަކުން ޖަޒްލާގެ ފުރަގަހުން ފިރިހެނަކު ގޮވާލުމުން ހުއްޓި ފަހަތަށް އެނބުރިލެވުނެވެ. އޭރު ހިނިއައިސްފައި ހުރެ ކައިލަން އެ ދިމާއަށް އަންނަނީއެވެ. ލާފައި ހުރި ސޯޓާ ގަޔަށް ދޫ ގަމީހުން އޭނާ ހީވަނީ ޗުއްޓީ ހޭދަކޮށްލުމަށް އައިސް އުޅޭ ހެނެވެ.

“ކައިލް… ކޮންއިރަކު އައީ…”

“ޖޭޒް ބުންޏަސް އަހަންނަށް ދުރަކު ނުހުރެވޭނެ. އެކަނިވެލަން ބޭނުމޭ ބުނިތާ މިހާރު ތިންދުވަސްވީ. އެއްފަހަރު ވެސް ގުޅާ ނުލި. އަހަރެންގެ މަތިން އެއްކޮށް ހަނދާންނައްތާލަ ފާނެތީ މިއައީ. އެހާ ފަސޭހައިން އަހަރެންގެ ފަރާތުން ސަލާމަތެއް ނުވެވޭނެ އިނގޭ” ކައިލަން އައިސް ޖަޒްލާއާ އަރާ ހަމަކުރަމުން ސަމާސާގޮތަކަށް ބުނެލިއެވެ.

“ނައު އައި އެމް އޯކޭ… ވަރަށް ހެޕީ ވެއްޖެ ކައިލް ފެނުނީމަ. އެކަމަކު މިހާ ހެދުނާ ހާދަ ނުރަސްމީކޮށޭ ތިހުރީ”

“އާން! މިއައީ ކުޑަ ޗުއްޓީއެއް ނަގައިގެން. ޖޭޒްއާއެކު މިކޮޅުގައި މަޑުކޮށްލަންކަމަށް”

“އެބައޮތް ވަރަށް ބޮޑު ވާހަކައެއް ބުނަން”

ހިނިއައިސްފައި ހުރި ޖަޒްލާ ކައިލަންގެ އަތުގެ މުލަށްދަނޑީގައި ހިފާލަމުން ކުރިއަށް ހިނގައިގަތެވެ. ފެންނަފެނުމުގައި އެ ދެ މީހުންނަކީ ރިސޯޓުގައި ޗުއްޓީ ހޭދަކޮށްލަން އައިސް އުޅޭ ދެ ލޯބިވެރިން ފަދައެވެ. ނަމަވެސް އެ ދެމީހުން ދައްކަމުން ދިޔަ ވާހަކަ އަޑުއިވޭ އެއްވެސް މީހަކަށް އޮޅުމެއް ނާރާނެކަން ޤައިމެވެ. ހަމަޖެހިލާފައި ހުރި ޖަޒްލާ އޭނާ ކައިވެނިކުރަން ނިންމި ވާހަކަ ކައިލަންއަށް ހާމަކުރިއެވެ. އަދި އީތަން ގާތު އެވާހަކަދެއްކި ކަމާއި އޭނާ ވަރަށް އަވަހަށް ޖަޒްލާގެ ގާތަށް އަންނާނެ ކަން ވެސް ބުނެލިއެވެ. ހުއްޓިހުއްޓިފައި ދިރުން ލިބިގެން ދާފަދަ އިހުސާސެއް ކައިލަންގެ ހިތަށް ކުރެވެމުންދިޔަ ނަމަވެސް އެމޫނުގައިވަނީ ފަނޑު ހިނިތުންވުމެކެވެ. އީތަންއަކީ ނަސީބުވެރިއެއްކަމުގައި ކައިލަން ދުށްޓެވެ. އީތަންއަށްވުރެ ކުރިން ޖަޒްލާ ފެނުނީ ކައިލަންއަށެވެ. ހުރިހާ ގޮތަކުން ޖަޒްލާއަށް ކައިލަން އެހީތެރިވިއެވެ. އެހެންނަމަވެސް ޖަޒްލާގެ ހިތުގެ އެންމެ ފުންމިނަށް ކައިލަންއަށް ވާސިލެއްނުވެވުނެވެ. އެންމެ ފަހުވަގުތާ ހަމައަށް ވެސް ކުރި އުންމީދު ގެއްލިއްޖެއެވެ.

“މިފަހަރު ބޭނުމެއްނޫން އީތަން ރުޅި އަރުވާލާކަށް. އައި އޭމް ސޮރީ ކައިލް. އީތަން އަންނައިރު އަހަރެން ކައިލްއާއެއްކޮށް އުޅޭތަން ފެންނާކަށް ބޭނުމެއްނޫން. އީތަން ހީކުރަނީ ކައިލް އަހަންނާ މެދު ދެކެނީ ރަޙުމަތްތެރިއަކަށްވުރެ ގާތްކޮށް ކަމަށް. އެކަމަކު އަހަންނަށް އެނގޭ ކައިލް އެހެން ނުވިސްނާނެކަން… އެހެންވިޔަސް އީތަންގެ ހިތްހަމަޖެހުމަށް އަހަރުމެން ދެމީހުން މިކޮޅުން އެއްކޮށް ފެނުން ރަނގަޅެއް ނުވާނެ. ހިތަށް އަރަނީ އީތަން ސަޕްރައިޒްކޮށްލަން މަންމަމެން ގާތު މެރީ ކުރަން އުޅޭ ވާހަކަ ބުނަންވީއޭ. ކާމިލްބައްޕައަށް މި ޚަބަރު ލިބިއްޖެއްޔާ ހަމަ ޔަޤީން ކިތަންމެ ހިތްހަމަނުޖެހިފައި ހުއްޓަސް ކޫލްވާނެކަން”

“ޖޭޒް. އީތަން ކައިވެންޏަށް އެއްބަސްވީތަ ތިހާ އަވަސްއަރުވާލާފައި ތިއުޅެނީ” ހައިރާންކަމެއް ލިބިފައި ހުރި ކައިލަން އަހާލިއެވެ. އޭނާއަށް އީތަންގެ މައްޗަށް އިތުބާރު ނުކުރެވޭ ކަހަލައެވެ.

“އާން! އީތަން އަބަދުވެސް އަހަންނާ މެރީ ކުރަން ބޭނުންވޭ. އޭނާ ހުރީ ރެޑީގަ. ހުރިހާ ވެސް މައްސަލައަކީ އަހަރެން. އެކަމަކު މިހާރު އަހަރެން ވެސް ރެޑީ. އެހެންވީމަ ލަސްކުރާނެކަމެއްނެތެއްނު” ޖަޒްލާގެ ވާހަކައަށް ކައިލަން ބޯޖަހާލިއެއްކަމަކު އޭނާ މުޅިއަކުން އެކަމާ ޤަބޫލެއްނޫނެވެ.

ނުރުހެންވީ ކޮންސަބަބަކާ ހުރެ ކަމެއް ރޭޝްމާއަކަށް ނޭނގުނެވެ. ޒޫރިން ބަނޑުބޮޑުވުމުން ކަމެއް ނޫނީ މާބޮޑަށް މިނިވަންކަން ދެވުނީމަ ބާއެވެ. ދަރިފުޅަށް ރަނގަޅު ތަރުބިއްޔަތު ދިނުމަށްޓަކައި ރޭޝްމާ ހުރިހާ ކަމެއް ކުރިއެވެ. އެހެންނަމަވެސް މިއަދު އޭނާ އެ ދަރިފުޅަށްޓަކައި ދުށް ހުރިހާ ހުވަފެންތަކާއި ކުރި އުންމީދުތައް ވިއްސިވިހާލިވެއްޖެއެވެ. ދަރިފުޅުގެ އަބުރާއި އިއްޒަތް ސަލާމަތްކުރުމަށްޓައި ރޭޝްމާއަށް ކުރެވޭނޭކަމެއް ނެތެވެ. އޮފުކުރަމުން އައި ޖަވާހިރުގެ އޮފުކަން ކެނޑުނީއެވެ. އޭގެ އަގު ގެއްލުނީއެވެ. އަންހެންކުއްޖެއްގެ އަބުރަކީ އޭނާގެ އެންމެ އަގުބޮޑު ރައުސްމާލުކަމުގައި ބުނެދިނުމުގައި ރޭޝްމާއަށް އިހުމާލުވެވުނީއެވެ. ޒޫރިން ބޮޑުވެއްޖެކަން ރޭޝްމާއަށް ނުވިސްނުނީއެވެ. ޒޫރިންގެ އިހުސާސްތައް އެހާ ސިއްރުވެރި ގޮތަކަށް ހޭލައްވާލަފާނޭ ކަމަށް ވެސް ރޭޝްމާއަށް ހީނުކުރެވުނީއެވެ. ދަރިފުޅުގެ އުޅުމަށް ބަދަލު އަންނަމުން ދިޔަ އިރު ވެސް އެކަމަށް ސަމާލުކަން ނުދެވުނީއެވެ. ވީއިރު ކުށްވެރިކުރާނީ ދަރިފުޅު ކަމެއް ނޫނީ އަމިއްލަ ނަފްސު ކަމެއް ރޭޝްމާއަށް އެއްގޮތަކަށް ވެސް ނުވިސްނުނެވެ.

މެންދުރު ވީއިރު ވެސް ޒޫރުން އެއްޗެއް ނުކެއުމުން ރޭޝްމާ ބަތްމޮޑެގެން ސަމްސާލައިގެން އައިސް އެ ކޮޓަރިއަށް ވަނެވެ. ދޮރުމަތީ އިރުކޮޅަކު މަޑުކޮށްލެވުނީ ޒޫރިންގެ އުދާސްވެފައިވާ މޫނާއި ރަތްވެ ފެންކަޅިވެފައިވާ ދެ ލޯ ފެނިފައެވެ. އަމިއްލަ ހިތަށް ކުރެވުނު ތަދުގެ އިހުސާސްއާއެކު ރޭޝްމާއަށް ހިންދިރުވާލެވުނެވެ. ހިކިފައިވާ ދެ ތުންފަތުގައި ދޫހާކާލުމާއެކު ހަމަޖެހެން މަސައްކަތް ކުރަމުން ކުރިއަށް އައިސް ޒޫރިންއަށް ގޮވާލިއެވެ. މިވަގުތު އެ ދަރިފުޅުގެ ހިތުގައި ހިނގާނޭ ޝުއޫރުތައް ރޭޝްމާ ދެނެގެންނަން ބޭނުންވިއެވެ. އިތުރަށް އެ ދަރިފުޅު އެންމެ ހިނދުކޮޅަކަށް ވެސް އެކަނިކޮށްލާކަށް ރޭޝްމާއަކަށް ނުކެރޭނެއެވެ.

ބަހެއްނުކިޔާ ޒޫރިން ތެދުވެ ދެފައިވަށްކޮށްލައިގެން އިސްޖަހާލައިގެން އެނދުގައި އިނެވެ. ރޭޝްމާ ވެސް އަނގައަކުން ނުބުންޏެވެ. އެނދުގައި ޒޫރިންގެ ގާތުގައި އިށީނދެ ވައަތްމަތީ ތަށިބަހައްޓާލައިގެން ކަނާއަތުން ބަތްސަމްސަލެއް ނަގާ ޒޫރިންގެ އަނގަޔާ ކައިރިކޮށްލިއެވެ. ކާން ބޭނުންނުވިޔަސް ޒޫރިންއަށް ދެކޮޅު ހެދުމުގެ އެއްވެސް ހިތްވަރެއް ނުލިބުނެވެ. މަޑުމަޑުން ދެ ތުންފަތް ދުރުކޮށްލާފައި ބަތް ސަމްސާ ކައިލައިފިއެވެ.

“ކީއްވެތަ އެއްޗެއް ނުކައި ތި އިންނަނީ. ވެގެން އުޅޭ ގޮތެއް ވެސް ބުނީކީ ނޫން” ކަމުން ޝައުން ވާހަކަދެއްކިއެވެ. އޭރު އޭނާގެ ކުރިމަތީގައި ކަހަލަ ގޮތަކަށް އީތަން އިސްޖަހާލައިގެން އިނެވެ. ގެނައި ކޮފީތަށި ވެސް ބޯހިތް ކެނޑިފައެވެ.

“ޝީޒް ޕްރެގްނެންޓް…” އިސްއުފުލާލުމެއްނެތި އީތަން ބުނެލިއެވެ.

“ކާކު؟ ޖޭޒްތަ….. ސީރިއަސް ވާހަކައެއްތަ؟ ދެން އަވަހަށް މެރީ ކުރަންވީނު” ނަގަނަގާ ހުރި އޫ ތިރިކޮށްލުމާއެކު ޝައުން ކުރިއަށް ޖެހިލާ ވާހަކަދެއްކިއެވެ.

“ޖޭޒްއެއްނޫން” އީތަން ހީވަނީ ވާހަކަދައްކަން އުނދަގޫވެގެން އުޅޭހެނެވެ. ވާނުވާ ނޭނގިފައި އިން ޝައުންއަށް ލިބިގެން ދިޔަ ހައިރާންކަމާއެކު ކެއުން ހުއްޓާލިއެވެ. އަދި އީތަންއަށް އޭނާގެ ފުރިހަމަ ސަމާލުކަން ދިނެވެ.

“ތިވާހަކައެއް ބުނަންވެގެންތަ އަހަރެން ގެނައީ. އެކަމަކު މަށަށް ހީވަނީ އީތަން ތި ވާހަކަދައްކަން ބޭނުމެއްނޫންހެން. އެހެންޏާ މިހާއިރު ވީއިރު އަދި މަށަކަށް ތިވެގެން އުޅޭ ގޮތެއް ކުޑަކޮށް ވެސް ރޭކާނުލާ… ކާކު ބަނޑުބޮޑުވެގެން ތިއުޅެނީ. އެވަރުގެ ކަމެއް ވެގެންދިޔައިރު އީތަން ހުރީ ހަމަހޭގަތަ. އަހަރެން ނުބުނަންތަ ޕްރޮޓެކްޝަން ބޭނުންކުރާށޭ. ހުރިހާ އެއްޗެއް ކިޔައިދިނިންގ. ކަނޑުކޮހެއް ވެސް ތިވަރުކަމެއް ނުކުރާނެ… އެތަނުން ވާހަކައެއް މިތަނުން ވާހަކައެއް ކިޔައިނުދީ ދެން ވެސް ނިކަން ތިކަމެއް ވީގޮތް ފެށުނީއްސުރެން ކިޔައިދީބަލަ”

“އެކަހަލަ ގުޅުމެއްބޭއްވި ހަމައެކަނި އަންހެންކުއްޖަކީ ރީން. އަހަންނަކީ އޭނާގެ ފުރަތަމަ… ރީން ދޮގެއް ނަހަދާނެ. އޭނާ… އޭނާ އަހަރެންދެކެ ވަރަށް ލޯބިވޭ”

“ކިހިނެއް އެނގެނީ ދޮގެއް ނުހަދާނެކަމެއް. އަދި އީތަންތީ އޭނާގެ ފުރަތަމަކަމެއް ވެސް. ކޮންގެއެއްގެ ކުއްޖެއްތަ އެއީ. ފޮޓޯއެއް އެބައޮތްތަ” ޝައުން ވިސްނަން އިނދެފައި ބުނެލިއެވެ. އެއާއެކު އީތަން ޝައުންއަށް ފުރިހަމަ ޖަވާބުދިނެވެ.

“އެގޭ ކުއްޖެއްތަ އެއީ. އެކަމަކު އަހަރެން ނުދެނަ ހުރިން އެގޭގައި އެ އުމުރުގެ އަންހެންކުއްޖަކު ހުންނަ ކަމެއް. މީގެ ކުރިން ނުވެސް ދެކެން ތިކުއްޖާއެއް. ތިގޭ މީހުން ރަނގަޅެއްނުވާނެ. އަހަރުމެން އެގެއަށް ދިޔައީ ކޮންބޭނުމަކުން އެނގެއެއްނު. އެވަރުގެ ގެއެއްގައި ރަނގަޅުކުއްޖަކު ހުންނާނެއެކޭ މަގޭ ހިތެއްނުބުނޭ. އަނެއްކާ އެހެރަ ރީތިކަމެއް ބަލާބަލަ. އީތަންގެ ބޮލުގައި ތިކަން އަޅުވަންހެން މަށަށް ހީވަނީ އެއުޅެނީ. ރަނގަޅުވާނީ ބޯދަމައިގަތިއްޔާ. އީތަންގެ ޢާއިލާއަށް މިއިން އެއްވެސް ކަމެއް އެނގިއްޖެއްޔާ ވާނޭ ގޮތް އެނގޭތަ” އީތަންގެ ފޯނުން ފެންނަން އޮތް ޒޫރިންގެ ފޮޓޯއަށް ބަލަހައްޓައިގެން އިނދެ ޝައުން ވާހަކަދެއްކިއެވެ.

ޝައުންގެ ވާހަކަތަކުން އީތަންގެ ހާސްކަން އިތުރުވިއެވެ. އެހެންނަމަވެސް އޭނާއަށް ޝައުންއާ އެއްބަސްނުވެވުނީ އެންމެ ކަމަކާއެވެ. އެއީ ޒޫރިން އެހާ ބޮޑުކަމެއް އީތަންއަށް އޮޅުވާލަފާނޭ ކަމެވެ. ޒޫރިންގެ ހިތް ސާފުކޮށް އީތަންއަށް އެނގެއެވެ. އެހެންނަމަވެސް ޢާއިލާއަށް އެނގުމުން ދެންވާނޭ ގޮތަކާމެދު އީތަން ކަންބޮޑުވެއެވެ. އަނެއްކޮޅުން ޖަޒްލާއަކީ ވެސް އީތަންގެ ދިރިއުޅުމުގެ ބައެކެވެ. އޭނާއާ އޮތް ގުޅުން ކިތަންމެ ހީނަރުވެފައި އޮތެއްކަމަކު ވަކިވާ ޚިޔާލެއް މިހާތަނަށް އީތަން ނުކުރެއެވެ.

“އަނެއްކާ ރީންދެކެ އީތަންއަށް ލޯބިވެވުނީތަ؟” ޒޫރިންއަކީ ޝައުން ބުނާ ކަހަލަ ވިޔާނުދާ އަންހެންކުއްޖެއް ނޫންކަން އީތަން ޤަބޫލުނުކުރުމުން އެންމެފަހުން ޝައުން ބުނެލިއެވެ.

“ނޭނގެ. ލައިކްވޭ… އެކަމަކު ލޯބިވެޔޭ ބުނާކަށް ނޭނގެ… ޝީޒް ނޮޓް ލައިކް އެނީ އަދަރ ގާލް. ޝީޒް ޑިފަރެންޓް…”

“ތިވަރުން ވެސް ތިބުނަނީ ލޯއްބެއްނުވެޔޭ. ޖޭޒްއަށްވުރެ ތި ރީންއަކަށް ކުރާ ތަޢުރީފު ގިނަ. އަހަންނަކަށް ނޭނގެ ތިކަމުގައި އިތުރަށް ބުނާނެ އެއްޗެއް. އީތަންގެ ކެއަރލެސްކަމުން ވީކަމެއްމީ. އޭނާއަކީ ގޯސްކުއްޖެއް ނޫނިއްޔާ އޭނާއަށް މި ލިބުނީ ވަރަށް ބޮޑު ދެރައެއް. އަހަންނަށް ފެންނަނީ ރީންއާ ބައްދަލުކުރަން ދާން. އޭރުން އެނގިދާނެއެއްނު ބުނާއެއްޗެއް” ޝައުން ބުނެލިއެވެ.

ރަނގަޅު ގޮތް ޚިޔާރު ކުރުމަށް މިފަހަރު ޝައުން ނަޞޭޙަތްތެރިވިއެވެ. ކަންބޮޑުވެ ހާސްވެފައި ހުއްޓެއްކަމަކު އީތަން ވެސް ނިންމީ ޒޫރިންއާ ބައްދަލުކުރަން އެގެއަށް ދިއުމަށެވެ.

“ހަވީރު އެގެއަށް ދަންޏާ އަދި އެބައޮތެއްނު ލައްކަ އިރު. މިތާ ތިބެނީތަ؟ ނޫނީ ހިނގާ އަހަރުމެން ގެއަށް” އަނގައިން ނުބުނެ ދުރަށް ނަޒަރު ހުއްޓާލައިގެން އީތަން އިންނަން ފެށުމުން ޝައުން ބުނެލިއެވެ.

“ހިނގާ ދާން. އެކަމަކު ޝޯން. އެކަކު ކައިރީ ވެސް އަދި މިވާހަކަ ނުދައްކައްޗޭ”

“މަމީ މޮޔައެއްނޫނޭ” ޝައުން މިހެންބުނެ ތެދުވިއެވެ. އޭނާއާއެކު އީތަން ވެސް ތެދުވިއެވެ. ފައިސާދައްކާ ކައުންޓަރުގެ ދޮށަށް ގޮސް ބިލަށް ފައިސާ ކަނޑާފައި ޝައުން ބޭރަށް ނުކުތްއިރު އީތަން މަޑުކޮށްލައިގެން ހުއްޓެވެ.

“ރީން ކުއްޖަކާ ރައްޓެހިވިކަން މަންމަ ގާތު ބުނިނަމަ. ރީންއަށް އެނގޭނެ މަންމަ އަންޑަސްޓޭޏްޑްވާނޭކަން. ރީންއަށް ކަމުދާ ކުއްޖަކަށް މަންމަ ފާޑެއްނުކިޔާނެކަން. ދެން ކީއްވެ ނުބުނީ… މަންމައަށް ހީވަނީ ރަނގަޅުކުއްޖެއްނަމަ ތި ދެމެދުގައި އޮތް ގުޅުން ސިއްރެއް ނުކުރާނެ. އަދި ތިފަދަ ބޮޑުކަމެއް ވިޔަކަ ވެސް ނުދޭނެ. މަންމަ ހީކުރީ ރީންއަކީ ވަރަށް ވިސްނޭ ކުއްޖެއްކަމަށް”

“ސޮރީ މަންމާ. އީތަން އަންނާނެ… އޭނާ ބުންޏޭ އަންނާނަމޭ. އަޅުގަނޑު ވަރަށް ލޯބިވޭ އީތަންދެކެ. އޭނާ ވެސް ލޯބިވޭ އަޅުގަނޑު ދެކެ. މަންމައަށް ސިއްރުކުރާކަށްނޫން ހުރީ. ރަނގަޅުވަގުތަކުން މަންމަ ގާތު އީތަންގެ ވާހަކަ ބުނަން މަޑުކުރީ. އަޅުގަނޑަށް ވެސް އެނގޭ މިކުރެވުނީ ކޮށްގެންނުވާނޭކަމެއްކަން. އައި އެމް ސޯ ސޮރީ މަންމާ. މިހެން ދިމާވެދާނެކަމެއް ކުރިން ނުވިސްނުނީ. އީތަން ގޯސްކަމުން ވީކަމެއްނޫން މީ… އޭނާ އަޅުގަނޑަށް ވަރަށް ކެއަރ ކުރޭ”

“ރީން… ދަރިފުޅަށް އަދި މީހުންގެ ގޮތް ނޭނގެނީ. ތިބުނާ އީތަންއަކީ ކޮންގެއެއްގެ ކާކުކަމެއް ވެސް ރީންއަކަށް ނޭނގޭ. މަންމަ ވެސް ބޭނުމެއްނޫނޭ ދަރިފުޅު ތިހާ ލޯބިވާ ކުއްޖަކާ މެދު ގޯސްކޮށް ހީކުރާކަށް. އޭނާ ރީންގެ ފަރާތުން ފައިދާނެގީ… ފިރިހެނުންނަކީ އެކަހަލަ ބައެއް. ކޮންމެ ރެއަކު ދަންވަރު ދަރިފުޅުގެ ގާތަށް އޭނާ އައުމުގެ ބޭނުމަކީ ކޮބާ. އިރާކޮޅުގައި ވެސް އޭނާއަށް ރީންއާ ބައްދަކުރެވިދާނެ. މަންމަ ވެސް ހިތްހަމަޖެހޭނެ ދޯ މަންމަގެ ކުރިމަތީގައި މިގޭގައި ދެ ކުދިން ތިބޭނަމަ. ރީންއަށް ދުވަހަކު ވެސް ދެރައެއްލިބެން މަންމަ ނޭދެން. މަންމައަށް ކެތެއްނުވާނެ ރީން ބަދަލުނާމުވެގެން ދާތަން ދުށުމަށް. މަންމަގެ ހިތް ހާދަ އެބަ ބިރުގަނެއޭ. ތި އީތަންއަކީ ދަރިފުޅު ހީކުރާކަހަލަ މީހަކަށް ނުވެއްޖެއްޔާ ރީންއަށް ވާނޭގޮތް މަންމައަށް އެނގޭ. އެވަރުގެ ހިތްދަތިކަމެއް ދަރިފުޅު ބަރުދާސްތުކުރާތަން ފެންނަ ދުވަހަކުން މި މަންމަގެ ހިތްހަލާކުވާނެ.”

އެނދުގައި އިން ޒޫރިން ކުއްލިއަކަށް ރޭޝްމާގެ ގައިގާ ބައްދައިގަތެވެ. އޭނާއަށް ހަމަ ރޮވެނީއެވެ. ހަދާނޭގޮތެއް ނޭނގި ސިކުނޑި ހާސްކުރުވަނީ އީތަންގެ ޚިޔާލުތަކުންނެވެ. ވަގުތު ކުޑަތަންވަމުން އައިއިރު އީތަން އަންނާނެކަމާމެދު ވިސްނެނީއެވެ. ރޭޝްމާގެ އިތުބާރު ނަގާލެވުނީތީ އެކަމާ ވެސް ޒޫރިން އިނީ ހިތުގައި ޖެހިފައެވެ. ދެން ދުވަހަކު ވެސް އެ މަންމަގެ އިތުބާރު ޒޫރިންއަށް ހޯދިދާނޭކަން ޔަޤީންނުވެފައެވެ.

ފެންކަޅިވަމުން ދިޔަ ދެ ލޯ ރޭޝްމާ ފޮހެލީ ޒޫރިންއަށްޓަކައެވެ. ދަރިފުޅު އިނީ ކޮންމެ ހާލެއްގައި ކަމަށްވިޔަސް އޭނާ އެ ދަރިފުޅުގެ ހިތްވަރު އެލޭނޭ ފަދަ ޢަމަލެއް ހިންގާކަށް ބޭނުމެއްނޫނެވެ. އަމިއްލަ ތަޖުރިބާތައް ސިފަކުރެވެން ފެށުމުން ޒޫރިން ވެސް ނުބައި މީހެއްގެ ޝިކާރައަކަށް ވެގެންދިޔަ ކަމުގައި ހީކުރެވެއެވެ. ހިތުގެ ތެޅުން އަވަސްވެފައިވަނީ އެފަދަ ނުބައި ޚިޔާލުތަކުންނެވެ. އެންމެ ހިނދުކޮޅަކަށް ރޭޝްމާއަށް ހަމަޖެހިނުލެވެއެވެ. އީތަންއާ ބައްދަލުކޮށް ކުރަން ބޭނުން އެތައް ސުވާލުތަކެއް އެބަހުއްޓެވެ. ޒޫރިންއަށް އަނިޔާވެރިވި މީހަކަށް ރޭޝްމާ ދުވަހަކު ވެސް މާފެއްނުކުރާނެއެވެ. އޭނާގެ ދުލުން އެމީހަކަށް ބަދު ދުޢާނޫން އެއްޗެއް ބޭރެއްނުވާނެއެވެ. އަމިއްލަ ލޭ އެ ދަރިފުޅުގެ ގައިގާ ނުހިނގިއެއްކަމަކު ޒޫރިންއަކީ ރޭޝްމާގެ ފުރާނައެވެ. ހިތުގެ ހަމަޖެހުމެވެ. ދެ ލޮލުގެ ނޫރެވެ. ނަފްސުގެ ފިނިކަމެވެ. އެ ދަރިފުޅަށް ހިމާޔަތްދިނުމަށް އަމިއްލަ ނަފްސު އައްޑަނައެއްކަމުގައި ހެދުމަށް ކުޑަކޮށް ވެސް ފަސްނުޖެހޭނެއެވެ.

ދޮރޯށިން ވަދެގެން އައި ނާޒިލު ސިޓިން ރޫމަށް ވަދެވުމާއެކު ރޭޝްމާގެ ކޮނޑުގައި ހިފާ އޭނާއާ ދިމާއަށް އަނބުރާލިއެވެ. އަދި ވަރަށް ރަނގަޅަށް އެ މޫނަށް ބަލަންފެށިއެވެ.

“ތަހުސީނު ކޮބާ. އޭނާ އެއްޗެއް ބުނީތަ؟” ނާޒިލުގެ ސުވާލުތަކަށް ރޭޝްމާ ދެފަރާތަށް ބޯހޫރުވާލިއެވެ. އަދި ނާޒިލުގެ އަތް ދެފަރާތުން ނައްޓާލުމާއެކު ދުރަށް ހިނގައިގަތެވެ.

“ކޮބާ ރީން؟ ރޭޝް ތިހިރީ ރޮއެފަކަން އަހަންނަށް އެނގޭ. ކިހިނެއްވީ؟ ރީންއަށް ކަމެއްވީތަ؟ ކޮބާ އެކުއްޖާ؟” ވަގުތުން ހާސްވި ނާޒިލު ސިޑިއާ ދިމާއަށް ދިޔައެވެ. އެހިނދު ހަލުވިކޮށް އައި ރޭޝްމާ ނާޒިލުގެ އަތުގައި ހިފެހެއްޓިއެވެ. ނާޒިލު ހުއްޓުމާއެކު ހައިރާންވެފައި ރޭޝްމާއަށް ބަލާލިއެވެ. ފެންކަޅިވެފައިވާ ދެ ލޮލާއެކު ނާޒިލުއަށް ބަލަންހުރެ ރޭޝްމާ ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

“ރީންއަށް އެހެން ހަދާފައި އޭނާއަށް ސަލާމަތެއްނުވެވޭނެ. އެހެންވިޔަކަ އަހަރެން ނުވެސް ދޭނަން… އެއީ ކާކުކަން އެނގެން އަހަރެން ބޭނުން” ނާޒިލުގެ މޫނުމަތިން ރުޅިވެރިކަން ފެނިގެންދިޔައެވެ. މުއްކަވާލި އަތާއެކު އޭނާ ދަތްކުނޑިވިކާލިއެވެ.

“އަހަރެން ރީން އެހާ މޮޔަވާނޭކަމަކަށް ހީނުކުރަން. ނާޒިލު… ދެން ކިހިނެއް ހަދާނީ. އަހަރެން މަރުވެދާނެ އެކުއްޖާ އެ ބަދުނާމުގައި އެއްކޮށް ބަނދެވި ބޭޒާރުވާ ދުވަހުން. އަހަރެންގެ ދަރިފުޅުގެ މުޅި ދިރިއުޅުން އޭރުން ހަލާކުވީ”

“އޭނާއަށް ޖެހޭނީ ރީންއާ އިންނަން. ތަހުސީނަށް އެނގޭތަ މިކަން” ދެ ބުމަ ކައިރިކޮށްލައިގެން ހުރެ ނާޒިލު ވާހަކަދެއްކިއެވެ.

“ނޫން. އޭނާ ގާތު އަހަރެން ބުނާނީ ކީކޭ. އޭނާ ހީކުރާނީ ކީކޭ. އަހަރެންގެ ރީންއަށް މިއަދު އެހާލު ޖެހިފައި އިނަސް އޭނާއަކީ ވިޔާނުދާ ކުއްޖެއްނޫން. އެކަމަކު އެހެންމީހުން އެކަން ޤަބޫލުކުރާނެތަ. އެންމެން ވެސް އިނގިލިދިއްކުރާނީ ރީންއަށް. ބުނާނެ ހިސާބަށްވުރެ ވިޔާނުދާވީމަ ވާނީ އެހެންނޭ. ތަހުސީނު ވެސް ވާނީ ހަމަ އެހެން. އޭނާއަށް ވެސް ޤަބޫލެއްނުކުރެވޭނެ ރީންއަށް ގޯހެއް ހެދުނީކަމަށް”

“ކޮންއިރަކުން ތި އީތަންއެއް އަންނަނީ. އަހަރެން ހުންނާނަން ރޭޝް އޭނާއާ ވާހަކަދައްކާއިރު. މި ދުނިޔޭގައި އަހަރެން އެބަޔަކާމެދު ވިސްނާ ހަމައެކަނި ދެ މީހުންނަކީ ތި ދެމައިން. އެކުއްޖާއަށް ގޮތެއްވުމަކީ ޚުދު އަހަންނަށް ވެސް ދުށުން ފަސޭހަ މަންޒަރަކަށް ނުވާނެ. ތަހުސީނުގެ އެއްބާރުލުން ރޭޝްއަށް ލިބުނަސް ނުލިބުނަސް އަހަރެން އަބަދުވެސް ރޭޝްގެ ރަޙުމަތްތެރިއެއްގެ ގޮތުގައި ހުންނާނަން. އަހަންނަށް ހަޔާތުގައި ކުރެވުނީ އެންމެ ރަނގަޅުކަމެއް. އެއީ ރީންއަށް ރަނގަޅު ދިރިއުޅުމެއް ހޯދާ ދިނުމަށްޓަކައި ރޭޝްއަށް ފޯރުކޮށްދެވުނު އެހީތެރިކަން. ބައްޕައަކަށް ވުމުގެ ޝައުގުވެރިކަން އަހަރެންގެ ނެތެއްކަމަކު ރީންއާ މެދު އަހަރެންގެ ހިތުގައި ދަރިކުލުނު ޖެހުނު. ރޭޝްއެކޭ އެއްފަދައިން އަހަރެން ވެސް އެކުއްޖާއާ މެދު ވަރަށް ގިނަ ހުވަފެންތަ ދުށިން. އަހަރުމެން ދެމީހުންގެ ދިރިއުޅުން ގެއްލިފައިވާ ގޮތަށް އެކުއްޖާގެ ދިރިއުޅުން ފުނޑުފުނޑުނުވުމަށް އަބަދުމެ އެދެވޭ. އެކަމަކު….” ނާޒިލު ބުނަން އުޅުނު އެއްޗެއް އޭނާ ފުރިހަމައެއް ނުކުރިއެވެ. ރުޅިވެރިކަމާއެކު ހަރުކަށިވެފައިވާ އަޑު ބަދަލުވެ ނާޒިލަށް ވެސް އަސަރުކޮށްފިކަން ރޭޝްމާއަށް އެނގުނެވެ.

“އޮފީސް ނިންމާފައި އަންނާނެއޭ ރީން ބުނީ. އެކުއްޖާ ދުނިޔޭން މޮޔެފައި ހުރި ހެން ހީވަނީ. އަހަރެންދައްކާ އެއްވެސް ވާހަކައެއް އޭނާއަކަށް ނުވިސްނޭ. އީތަންއަށް އޭނާ އިތުބާރު އެކުރަނީ ދެ ލޯ މަރައިގެން ހުރެ. އީތަންދެކެ ރީން ހަޤީޤަތުގައި ވެސް ލޯބިވޭ. އަހަރެންގެ ހިތް ބިރުގަންނަނީ އެހެންވެ. ރީންއަކީ ކިތަންމެ މިނިވަން ޚިޔާލެއްގެ ކުއްޖަކަށް ވިޔަސް އޭނާއަށް މި ދުނިޔޭގެ އަނދިރިފަރާތް ފެންނަ ދުވަހުން ވާނޭގޮތް ވިސްނާލަން ވެސް ނޭނގޭ” ރޭޝްމާ މޫނުގައި ދެއަތް އަޅާ ދެފަރާތަށް ބޯހޫރާލިއެވެ.

“ހަމަޖެހޭ ރޭޝް. އަހަރުމެން ގޮތް ހުސްވެފައި ތިބިބައެއްހެން ރިއެކްޓުކުރާނަމަ ރީންއަށް ވާނީ ކިހިނެއް. ދޭ ރީން ގޮވައިގެން އަންނަން. އީތަންއާ ވާހަކަދައްކާއިރު އޭނާ ވެސް ހުންނަންވާނެ. އެއީ އެންމެ ރަނގަޅުގޮތް. ކޮންމެ ގޮތަކަށް ކަންތައް ހިނގި ނަމަވެސް އޭރުން ހަޤީޤަތް ރީންއަށް ފެންނާނެ. އަހަރުމެން އޭނާއާ ދެކޮޅު ނޫންކަން ހާމަވާނެ”

ރޭޝްމާ ބޯޖަހާލާފައި ދެ ލޯ ފުހެލިއެވެ. އަދި ސިޑިން އަރައިގެން އައިސް ޒޫރިންގެ ކޮޓަރީގައި ޓަކި ޖަހާލަން އުޅުނު ވަގުތު އެ ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވިފައި ހުރިތަން ފެނުނެވެ. ހަމަ އެވަގުތު ޒޫރިން ވާހަކަދައްކާ އަޑު ވެސް އިވުނެވެ. ސިއްރުން ރޭޝްމާ ކޮޓަރިތެރެއަށް ބަލާލީ ފަހަރެއްގައި ވެސް ޒޫރިންއަށް ފާރަލުމަކަށް ނޫނެވެ. ދެކޮޅަށް ހިނގަ ހިނގާ ހުރި ޒޫރިން ކޮންމެވެސް މީހަކަށް ގުޅަނީކަން ރޭޝްމާއަށް ޔަޤީނެވެ. ޒޫރިންގެ ހަރަކާތްތައް ހުރީ އެ ފަދަ ގޮތަކަށެވެ. ޒޫރިން ކަންބޮޑުވެގެން އުޅެނީ އެމީހަކު ފޯނު ނުނަގައިގެންނެވެ.

“ރީން…” ކޮޓަރީގެ ދޮރުހުޅުވާލަމުން ރޭޝްމާ މަޑުމަޑުން ގޮވާލިއެވެ.

ހިނގާ ސިޓިންރޫމަށް. މަންމަ ބޭނުން އީތަންއާ ވާހަކަދައްކާއިރު ދަރިފުޅު ވެސް އެތަނުގައި ހުންނަން. ނާޒިލުބެ ވެސް އެބައިން ތިރީގައި” ނާޒިލުގެ ވާހަކަ ބުނުމުން ޒޫރިންގެ މޫނު މަތިން ފެނިގެންދިޔަ އަސަރުތައް ރޭޝްމާއަށް ސިއްރެއްނުވިއެވެ. އެހެންނަމަވެސް ޒޫރިން އެއްވެސް އެއްޗެއް ނުބުނެ ރޭޝްމާއާއެކު ދިއުމަށް ކޮޓަރިން ނުކުތެވެ.

ފަސްގަޑި ބައިވާން އުޅުނުއިރު ވެސް އީތަންގެ ޚަބަރެއްނުވިއެވެ. އެކަމާ ނާޒިލު ސުވާލު ކުރުމުން ޒޫރިން އިތުރަށް ކަންބޮޑުވިއެވެ. އޭނާ އީތަންއަށް ގުޅުމުން ވެސް ފޯނަށް ޖަވާބެއް ނުދެއެވެ. އީތަން އަންނާނެކަމާމެދު ޒޫރިންގެ ޟަމީރު ސުވާލު ކުރަމުން ދާއިރު ވެސް އެކަން އޭނާ ޤަބޫލުކުރާކަށް ބޭނުމެއްނޫނެވެ. އަމިއްލަ ހިތަށް ވިސްނައިދޭން ބޭނުންވީ އީތަން އެހެން ނަހާދާނޭ ކަމެވެ. ޒޫރިންގެ ހިތް ކުރި ހޯދީ އިރުއޮއްސެން އުޅެނިކޮށް އޭނާގެ ފޯނަށް އައި އީތަންގެ މެސެޖުންނެވެ. ކައްޓެއްހެން ސޯފާއިން ޒޫރިންއަށް ތެދުވެވުނެވެ.

“އީތަން… އީތަން އަތުވެއްޖެ” ޖެހިލުންވެފައި ހުރެ ޒޫރިން ބުނެލިއެވެ. އޭރު އޭނާގެ ހިތަށް ހަމަޖެހުން ލިބިއްޖެއެވެ. އީތަން އައުމުން ހުރިހާ ކަމެއް ދާނީ ދެން ރަނގަޅަށް ކަމުގައި ޒޫރިން ޔަޤީންކުރިއެވެ.

ރޭޝްމާ ހާސްވެފައި ހުރެ ބަލާލީ ނާޒިލުއަށެވެ. އޭނާ ބޯޖަހާލާފައި ސިޓިން ރޫމުން ނުކުމެގެން ގޮސް ދޮރޯށި ހުޅުވާލިއެވެ. ކުރިމަތީ ހުރި ޒުވާނާ ފެނިފައި ކޮންމެވެސް ތާކުން ދުށް ހަނދާނެއް ނާޒިލުވިއެވެ. ނަމަވެސް އެހަނދާންތައް އާކުރުމުގެ ބަދަލުގައި އޭނާ ވާހަކަދެއްކިއެވެ.

“އީތަން…” ނާޒިލު ޔަޤީންކޮށްލިއެވެ. އެއާއެކު އީތަން ބޯޖަހާލީ އާނއެކޭ ބުނުމަށެވެ.

އީތަން ގޮވައިގެން ނާޒިލު އައިސް ސިޓިންރޫމަށް ވަނެވެ. ކޮޅަށް ހުރި ޒޫރިންއަށް ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނު އިރު ރޭޝްމާ ތެދުވީ ބިރުވެރި މަންޒަރެއް ފެނިގެން ތެދުވިހެނެވެ. ދެ ލޯ ބޮޑުކޮށްފައި އީތަންއަށް ބަލަންހުރިއިރު އީތަންގެ މޫނުމަތިން ވެސް ފެންނަނީ ހަމަ އެފަދަ ކުލަވަރެކެވެ. އެ ދެމީހުން އެކަކު އަނެކަކަށް ބަލަން ތިބި ގޮތް ނާޒިލުގެ އިތުރުން ޒޫރިންއަށް ވެސް ނަގައިގަނެވުނެވެ. ކަންބޮޑުވެފައި ރޭޝްމާގެ އަތުގައި ޒޫރިން ހިފާލީ ރޭޝްމާއަށް އީތަން ކަމުނުދަނީއޭ ހިތާއެވެ.

“މީގެ ކުރިން އަހަރުމެން ދެމީހުން ދިމާވިތަ؟” ނާޒިލު އަހާލިއެވެ. މިފަހަރު ވެސް އީތަން ބަހެއްނުބުނެ ޖަވާބުދިނީ ބޮލުގެ އިޝާރާތުންނެވެ. ދެފަރާތަށް ބޯތަޅުވާލާފައެވެ.

“އެނގޭތަ ކީއްވެކަން އަންނާށޭ ބުނީ” ނާޒިލު މިހެން ބުނުމާއެކު އީތަން ބަލަންފެށީ ރޭޝްމާއަށެވެ.

“އެއީ ރީންގެ މަންމަ” އީތަން ބަލަންފެށުމުން ނާޒިލު ބުނެލިއެވެ. އެއާއެކު އީތަން އިތުރަށް ހާސްވިއެވެ. އޭނާ އެއްފަހަރު ޒޫރިންއަށް އަނެއްފަހަރު ރޭޝްމާއަށް ބަލަންފެށިއެވެ.

އެކަކަށް ވެސް ވީގޮތެއް ނޭނގުނެވެ. ފެނުނީ ކުއްލިއަކަށް ރޭޝްމާ އައިސް އީތަންގެ ގަމީހުގައި ހިފައި ތަޅުވައިގަތްތަނެވެ. އޭނާއަށްވުރެ އިސްކޮޅުން ދިގު އީތަންގެ މޫނުގައި ދެތިން އެތިފަހަރު ޖެހިތަނެވެ. އަދި ހަޅޭލަވަންފެށިއެވެ. ރޭޝްމާ ކިޔާ އެއްޗެއް ޒޫރިންއަކަށް އަދި ނާޒިލަކަށް ވެސް ނުވިސްނުނެވެ. އެހެންނަމަވެސް އީތަންއަށް ކޮންމެވެސް ވަރަކަށް ރޭޝްމާގެ ހަރަކާތްތަކާއި އޭނާ އެ ކިޔާ އެއްޗެއް ފަހުމުވިއެވެ. ރޭޝްމާ ދެ އަތުން އަޅާ ކޮށްޕާ އީތަން ސިޓިންރޫމުން ބޭރުކުރިއެވެ. އައިސްފައި ހުރި ރުޅި އާއި ވީ ދެރައިން ރޭޝްމާއަށް ވެސް އޭނާގެ އަމިއްލަ ނަފްސު ކޮންޓްރޯލު ނުކުރެވުނީއެވެ. އީތަންއަކީ ކާކުކަން ނޭނގުނަސް އޭނާއަށް އީތަން ވަކިކުރަން އެނގުނީއެވެ. ދެ ޒުވާނުން ރޭޝްމާގެ ގާތަށް އޭނާ ދޭ ނަހަމަ ޚިދުމަތް ހޯދަން އައިރޭ މަތިން ރޭޝްމާ ހަނދާންވީއެވެ. ގަސްދުގައި އޭނާއަށް މީހަކު ލަނޑެއް ދިނީކަމުގައި ރޭޝްމާއަށް ހީކުރެވުނީއެވެ. ޖެހިލުންވެފައި ހުރި އީތަން އަވަސްއަވަހަށް ދޮރޯށި ހުޅުވާލާފައި ނުކުމެގެން ދިޔައެވެ. އޭރު އަޑުން އަޑުނަގާފައި ރޭޝްމާއަށް ރޮވިއްޖެއެވެ. ހުރި ދިމާއަށް ތިރިވެވިއްޖެއެވެ. ކަންބޮޑުވެފައި މިވީ ކިހިނެއްކަމެއް ނޭނގި ފެންކަޅިވެފައި ސިޓިންގރޫމު ދޮރުމަތީ ޒޫރިން ހުއްޓެވެ. ނާޒިލު އަވަހަށް އައިސް ރޭޝްމާ ކޮޅަށް ނެގުމަށް އުޅުނެވެ.

“ރޭޝް… ކިހިނެއްތަވީ؟ ތެދުވެބަލަ…” ރޭޝްމާގެ އަތުގައި ހިފާ ނަގަން މަސައްކަތް ކުރަމުން ނާޒިލު ބުންޏެވެ.

ނާޒިލުގެ އެހީގައި ކޮޅަށް ތެދުވި ރޭޝްމާއަށް ސިޓިންގރޫމު ދޮރުމަތީ ހުރި ޒޫރިންއަށް ބަލާލެވުނެވެ. ހަމަ އެއާއެކު އޭނާއަށް ރޮވިއްޖެއެވެ. ނާޒިލުގެ ކޮނޑުގައި މޫނުފޮރުވާލުމާއެކު އޭނާއަށް ވަރަށް ބޮޑު ކުށެއްކުރެވިއްޖެކަމުގައި ބުނަންފެށިއެވެ. އެހިނދު ނާޒިލު ވެސް ހާސްވިއެވެ. ރޭޝްމާ ގޮވައިގެން އޭނާ ސިޑިން އަރައިގެން ދިޔަތަން ބަލަން ޒޫރިންއަށް ހުރެވުނީއެވެ. ރޭޝްމާ އެހާ ބާރަށް ރޮނިކޮށް ޒޫރިންއަށް އަޑުއިވިފައެއްނެތެވެ. ސުވާލެއްކުރަން ވެސް ނުކެރިފައި ޒޫރިންއަށް ހުރެވުނީ އެހެންވެއެވެ. އޭނާގެ ސަބަބުން ވީގޮތެއް ކަމުގައި ހީވެފައެވެ.

ހ.ބުލޫމޫންގޭ ދޮރޯށިން ނުކުތް ގޮތަށް މަގުގެ އަނެއްފަރާތުގައި އޮތް ކާރުގެ ކައިރިއަށް އީތަން އައިސް އޭގެ ކުރީ ދޮރުފޮތް ހުޅުވާލިއެވެ. އެއާއެކު ކާރުގެ ކުރީ ސީޓުގައި އިން ޝައުން ހައިރާންވެފައި ސުވާލުކުރިއެވެ.

“ދުވަމުންތަ ތިއައީ…”

“ޔޫ ހޭވް ނޯ އައިޑިއާ… އެނގޭތަ ކާކުގެ ދަރިއެއްކަން ރީންއަކީ” ޝައުންއާ ޖެހިގެން ހުރި ސީޓަށް އަރާ ހަމަޖެހިލާފައި އީތަން ބުނެލިއެވެ. އަދި ޗޮއްކަނޑާލަމުން ދެ ފަރާތަށް ބޯހުރާލިއެވެ. އޭރު ނިތްކުރިއާއެކު އިސްތަށިގަނޑުގެ ބަޔަކަށް ދެ އަތުގެ އިނގިލިތައް މަހާލައިގެން އީތަން އިނީ ބޯގޮވާފައިވާ ޒުވާނަކު ފަދައިންނެވެ.

“ކާކުތަ؟” ޝައުން ވެސް ޝައުގުވެރިވިއެވެ.

އީތަން ކަންތައްވީގޮތް ކިޔައިދިނުމުން ޝައުން ވެސް އިނީ ބުނާނޭ އެއްޗެއް ނޭނގިފައެވެ. ދެ މީހުންކުރެ އެކަކަށް ވެސް ރޭޝްމާގެ ދަރިއަކު ހުންނަކަމެއް މި އެނގުނީ އަދިކިރިޔާއެވެ. ޝައުން އެއްޗެހިކީ އީތަންއަށެވެ. ތަނަކުން އަންހެންކުއްޖަކު ފެންނައިރަށް ހަޤީޤަތް ބަލާނުލާ އެފަދަ ގުޅުމެއް ހިންގީތީއެވެ. ޒޫރިންއަކީ ރަނގަޅު އަންހެންކުއްޖަކަށް ވެދާނޭކަމާމެދު ޝައުން ސުވާލު އުފެއްދިއެވެ. އެކަމާ ދޭނޭ ޖަވާބެއް ނޭނގިފައި އިސްޖަހާލައިގެން އީތަން އިނީ ބަހެއްކިޔަން ވެސް ނުކެރިފައެވެ.

ރޭޝްމާމެން ގޭ ކައިރިއަށް ކާރު ކައިރިކުރި ތަހުސީނަށް ހައިރާންކަމެއް ލިބިގެންދިޔައީ އެހިސާބުން ނައްޓާލި ޝައުންގެ ކާރު ފެނިފައެވެ. އޭނާ ރޭޝްމާއަށް ގުޅާތާ ކިތަންމެ އިރެކެވެ. ޒޫރިންއަށް ދިމާވި ހާދިސާއާއެކު ރޭޝްމާއަށް ބޮޑު ބަދަލެއް އަތުވެއްޖެކަން ތަހުސީނަށް ޔަޤީނެވެ. ދެރައީ އެކަމާ ވާހަކަދައްކަން ރޭޝްމާ ބޭނުންނުވާތިއެވެ. ރޭޝްމާ ހިމޭންކަން ޚިޔާރުކުރުމުން ތަހުސީނަށް އިހުސާސްވީ އެ ދެމެދުގައި އޮތް ދުރުކަމެވެ. އަދިވެސް ރޭޝްމާ އޭނާއަށް އިތުބާރު ނުކުރާކަމެވެ. ނަމަވެސް އެހާވަރުން އޭނާ ރޭޝްމާއާ އޮތް ހިމަނަރުފަށެއްހާ ގުޅުން ކަނޑައެއްނުލާނެއެވެ. ފޯނުނުނެގުމުން ރޭޝްމާގެ ޚަބަރު ބަލަން އެ ގޭ ދޮށަށް ތަހުސީނު އައީ ވެސް އެހެންވެއެވެ.

ދޮރޯށީގައި ހަރުކޮށްފައި ހުރި ރަނގަބީލު ސުވިޗަށް ފިތާފިތާ ޖަވާބެއް ނުލިބުނެވެ. އެހެންނަމަވެސް އެނބުރި ދިއުމަށް ތަހުސީނު ބޭނުމެއްނުވިއެވެ. އޭނާ ފޯނުން ރޭޝްމާއަށް އަލުން ގުޅަން ފެށިއެވެ. އެހެންހުއްޓާ ކުއްލިއަކަށް ދޮރޯށި ހުޅުވާލިއެވެ.

“ރޭޝްއަށް ވަރަށް ގުޅައިފިން. އޭނާއާ ބައްދަލުކުރަން ބޭނުން” އެތެރެއަށް ވަންނަން ނޫޅެ ދޮރޯށި ހުޅުވާލައިގެން ހުރި ނާޒިލުއާ ތަހުސީނު ވާހަކަދެއްކިއެވެ.

“މިވަގުތު ރޭޝް މީހަކާ ވާހަކަދައްކާކަށް ބޭނުމެއްނޫން”

“ނާޒިލު… ޕްލީޒް… ރީންއަށް އެހެންވުމުން އަހަރެން ވެސް މިހިރީ އެކަމާ ކަންބޮޑުވެފައި. ރޭޝްއާ މެދު އަހަރެންގެ ހިތް އޮތް ގޮތް ނާޒިލަށް އެނގޭނެ. ތީ ރޭޝްގެ އެންމެ ގާތް އެކުވެރިޔާ. އަހަންނަށް ރޭޝް ކަމުދިޔައީ އޭނާގެ ދަރިއަކު ހުރިކަން ވެސް އެނގި ހުރެ. ރޭޝްއަށް މިވަގުތު އެންމެންގެ އެއްބާރުލުން ބޭނުންވާނެ. ރީންގެއަށް ފޮނުވާލި އިރު މަޑުމަޑުން ރަނގަޅުވާން ފަށާފައި ހުރީ. އެކަމަކު އެކުއްޖާއަށް ކޮންމެވެސް ކަމެއްވެއްޖެހެން އަހަންނަށް ހީވަނީ. ރޭޝްގެ ޢަމަލުތައް ހުރި ގޮތުން އޭނާ ބުނަން ބޭނުންނުވާކަން އަހަންނަށް އެނގޭ. ނާޒިލު…. އަހަންނަށް އިތުބާރުކުރޭ. އަހަރެން ރޭޝްއަށް އަދި ރީންއަށް ދެރަގޮތެއް ވާކަށް ނޭދެން. އަހަރެން އެނބުރިދާނީ ރޭޝްއާ ބައްދަލުކޮށްފައި. އަހަރެންގެ ފުރިހަމަ އެއްބާރުލުން ރޭޝްއަށް ލިބޭނެކަން އޭނާއަށް އަންގައިދޭން ބޭނުން. އަހަންނަށް ކުރިމަތިލާން ނުކެރޭނެކަމެއް ނޯންނާނެ. ﷲ އިރާދަކުރެއްވީތީ އަހަންނަށް ކެތްތެރިވާން އެނގޭ”

ތަހުސީނުގެ ވާހަކަ އަޑުއަހަން ހުރި ނާޒިލަށް ނޫނެކާ ބުނެ ތަހުސީނުގެ މޫނުމައްޗަށް ދޮރޯށި ޖަހާކަށް ނުކެރުނެވެ. އެއްޗެއް ނުބުނެ އިރުކޮޅަކު ހުރެފައި އެއްފަރާތަށް ޖެހިލަމުން ދޮރޯށި ވަކިން ބޮޑަށް ހުޅުވާލިއެވެ. އެ ފުރުޞަތުގެ ބޭނުން ތަހުސީނު ހިފައި ގޭތެރެއަށް ވަނެވެ. ނާޒިލުގެ ފަހަތުން އައުމަށް އޭނާ ތަހުސީނަށް އިޝާރާތްކޮށްލުމާއެކު ސިޑިން މައްޗަށް އަރަންފެށިއެވެ. އަދި މަޑުމަޑުން އައިސް ރޭޝްމާގެ ކޮޓަރިއާ ކައިރިވެލާފައި އަތުން ކޮށްލި އިޝާރާތާއެކު ތަހުސީނު މަޑުކުރަންވީކަން އޭނާއަށް ނަގައިގަނެވުނެވެ. ނާޒިލު ކޮޓަރިތެރެއަށް ވަދެ ދޮރުލައްޕާލި އިރު ފަޓުލޫނުގެ އަރިމަތީ ދެ ޖީބަށް އަތްތިލަ ކޮށްޕައިލައިގެން ހުރި ތަހުސީނު ހުރީ ނޭވާ ހިފަހައްޓައިލައިގެން ކަހަލައެވެ.

“ރޭޝް ހޯދަން ތަހުސީނު އައިސް އެބަހުރި”

“ކީއްކުރަން އޭނާ ވެއްދީ. މި ހުރިހާ ކަމެއް ކިހިނެއް އޭނާއަށް ކިޔައިދޭނީ…. ތަހުސީނު ފަދަ މީހަކާ ގުޅެން ޚީޔާލުކުރުމަކީ ވެސް ފާފައެއް. އަހަންނަކީ އެ ފަދަ އުފާވެރިކަމެއް ހައްޤުވާ މީހެއްނޫން… ފާފައިގެ މައްޗަށް ފާފަކުރަމުން އައި ނުބައި އަންހެނެއް. ރަނގަޅުގޮތް ވިސްނޭއިރު ވެސް އެ ނުބައި ޢަމަލުތައް ކުރުމުން ދުރަށް ނުދެވިފައި ހުރި ފާޙިޝް އަންހެނެއް…އަހަރެންގެ ފާޙިޝް ޢަމަލުތަކުގެ ނަތީޖާ މިއަދު މި ފެންނަނީ. ލޯބިލޯބި ރީން އަހަރެންގެ ދިރިއުޅުން ފުރިހަމަ ކޮށްދިންއިރު ނުވިސްނުނީ އެއީ ﷲ އަހަންނަށް ލެއްވި ބަރަކާތެއްކަން. އަހަރެންގެ ފާޙިޝް ޢަމަލުތައް ހުއްޓާލަންވީ ވަގުތު ޖެހިއްޖެކަމުގެ ނިޝާނެއްކަން…. އެހެންނަމަވެސް… ބަލާބަލަ ނާޒިލު…. އަހަރެންގެ ގާތަށް އައީ ޒުވާނާ މިއަދު އެ ދިޔައީ އަހަރެން މިހާ ދުވަހު ރައްކާކޮށް ފޮރުވައިގެން ގެންގުޅުނު އެންމެ އަގުބޮޑު ޖަވާހިރު ނޭނގި ޖަހައިގަނެގެން…. މިއަށްވުރެ ބޮޑު ދެރައެއް އަހަންނަށް ދެން ލިބޭނެތަ… ތަހުސީނަށް އަހަރެންގެ ހަޤީޤަތް އެނގުނީމާ ވާނީ ކިހިނެއް. އަހަރެންގެ ރީން އިން ހާލު އެނގުނީމާ އޭނާ ބުނާނީ ކީކޭ… ދެކޭނީ ކިހިނެއް….” ގިސްލަގިސްލާފައި ރޭޝްމާއަށް ރޮވެނީއެވެ.

“ކޮންމެ ހާލެއްގައި ވެސް ތަހުސީނު އެހުރީ ރޭޝްއާއެކު ވުމަށް. އޭނާގެ ލޮލުން އޭނާ އެ ބުނާ އެއްޗެއްގެ ތެދުކަން އަހަރެން ދުށިން. އަހަންނަށް އެނގޭ ރޭޝް ރަނގަޅުމީހަކަށް ވާން ކުރިހާ މަސައްކަތް. މިއަދު ތީ އެ ނުބައި ފާޙިޝް ޢަމަލުތައް ހިންގާ އަންހެނެއްނޫން. އެކަމުން ދުރުވެ އުފާވެރި ޢާއިލާއެއް ބިނާކުރަން މަސައްކަތްކުރާ އަންހެނެއް ތީ… ހަމައެއާއެކު އަހަންނަށް ވެސް ރަނގަޅުވުމަށް ގޮވާލި ރަޙުމަތްތެރިއެއްތީ… ރޭޝް! ތަހުސީނަށް ހުރިހާ ވާހަކައެއް ކިޔައިދީ. އެއީ ރޭޝް ބޭނުންވާފަދަ ބައިވެރިއަކަށް ވާނެއޭ އަހަރެންގެ ހިތްބުނޭ. މި ޒަމާންވީ އެކުވެރިކަމަށްޓަކައި… މި ނޫނީ އަހަރެން ތި އެކުވެރިޔާ ގާތުން ކަމަކު ނޭދެމެއްނު. ތަހުސީނު އެހެރީ ކޮޓަރި ބޭރުގައި… އޭނާ ހާސްވެ ކަންބޮޑުވެފައި އެހުރީ ތި ދެމައިންނާ މެދު…. އޭނާ ރީން ދެކެ ދަރިއަކު ފަދައިން ލޯބިވާނޭކަން އެނގޭ… އޭނާ އެހާ ފަސޭހައިން ރޭޝް ދުލެއްނުކުރާނެ. އޭނާގެ ބަހުގައި ނޭނގޭ ޔަޤީންކަމެއް އެބަހުރި…” ނާޒިލުގެ އެތައް އާދޭހަކާއެކު ރޭޝްމާ ދެ ލޯ ފުހެލިއެވެ. އަދި ތަހުސީނު އެ ކޮޓަރިއަށް ވެއްދިޔަސް އެންމެ ރަނގަޅުކަމުގައި ބުންޏެވެ.

ރޭޝްމާގެ މޫނު ފެނުމުން އިތުރަށް ތަހުސީނު ހާސްވިއެވެ. ނަމަވެސް ނާޒިލު ހުރުމުން އެނދުގެ މަގަތުގައި އިށީނދެލައިގެން އިން ރޭޝްމާގެ ގާތަށް އަންނާކަށް ތަހުސީނަކަށް ނުކެރުނެވެ. އެކަން ނާޒިލަށް ވިސްނުނެއްކަމަކު އޭނާއަށް އެތަނުން ނުކުމެވޭކަށް ނެތެވެ. ތަހުސީނު ކޮޓަރިއަށް ވެއްދުމަށް ރޭޝްމާ އެއްބަސްވީ ނާޒިލު ވެސް އެތަނުގައި ހުންނަ މަތިންނެވެ.

“ތަހުސީނު… އަހަރެން…” ރޭޝްމާ ވާހަކަދައްކަން އުޅެފައި ވެސް އޭނާއަށް ފަސޭހައެއްނުވިއެވެ. އެހެންވެ ހުއްޓާލާފައި ނާޒިލަށް ބަލާލެވުނީ އެކުވެރިޔާގެ ފަރާތުން ހިތްވަރަކަށް އެދިއެވެ.

“ތަހުސިނު އިށީންނަންވީނު…” ރޭޝްމާއަށް ބަލާލާފައި ނާޒިލު ބުނެލިއެވެ. އަދި އެނދާ ދިމާއަށް އިޝާރާތްކޮށްލިއެވެ. އެއާއެކު ތަހުސީނު އައިސް ރޭޝްމާއާ ދުރުގައި އެނދުގައި އިށީނެވެ.

“ރޭޝް. އަހަރެން އަބަދުވެސް ހުންނާނީ ރޭޝްއާއެކު. ހީނުކުރޭ ދިމާވާކަމަކުން އަހަރެން ހިނގައިދާނެޔޭ… ކޮންމެ މީހަކަށް ވެސް ހިތާމަތަކާއި ދަތިދުވަސްތައް ކުރިމަތިވާނެ. އެފަދަ ވަގުތުތަކުގައި ހެޔޮ އެދޭ މީހުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާނެ. އަހަންނަކީ އެ ފަދަ ހެޔޮ އެދޭ މީހެއްކަމުގައި ހީކުރޭ… ރޭޝް ފުން ހިތާމައެއް ކުރާއިރު އަޅާނުލާ ދުރުގައި ހުންނާނީ ކިހިނެއް؟”

“ތަހުސީނު… މިވަގުތު އެއްވެސް ސުވާލެއްނުކުރޭ… އަހަރެން ކިޔައިދޭން ބޭނުންވާ އެތައް ވާހަކައެއް އެބަހުރި. އެކަމަކު މިވަގުތަކުނޫން. މިހާރު މި އިން ހާލުގައި އިނދެ އެއްވެސް ވާހަކައެއް ބުނާކަށް ބޭނުމެއްނޫން. އަހަންނާ މެދު އަދި އަހަރެންގެ ދަރިފުޅާ މެދު ތަހުސީނު ހަމްދަރުދީގެ ނަޒަރުން ދުށުމަކީ މިވަގުތުގެ މި އިން ހާލަތުގެ ގޮތުން ވެދާނޭ ކަމެއް. އެހެންވެ މިވަގުތު ކިޔައިދޭން ބޭނުންނުވަނީ…. އަހަންނަށް މިއަދު އެހީވާން ތިބި ބަޔަކު ވިއްޔާ މިކޮޓަރީގައި މިވަގުތު މި ތިބީކަން އަހަރެން ޤަބޫލުކުރަން… އެހެންވެ ތަހުސީނަށް އެއްވެސް ކަމެއް އިތުރަށް ސިއްރުކުރާކަށް އަހަރެން ބޭނުމެއްނޫން. އަހަންނަށް ކުޑަދުވަސްކޮޅެއް ދީ….”

“އަހަރެން ކުރިން ވެސް ނާހަން ރޭޝްގެ މާޒީއާ ބެހެގޮތުން. ވަގުތު ޖެހުމުން ކިޔައިދޭނެކަމުގައި އަހަރެން ހީކޮށްގެން މިހުރީ. ރޭޝް ބޭނުން ވަރަކަށް ވަގުތު ދޭން އަހަރެން މިހިރީ ތައްޔާރަށް. އެކަމަކު ތިޔަހެން ދުރުކޮށްނުލާ…. އަހަންނާ ވެސް ތިހިތާމަތައް ޚިއްޞާކުރޭ… އެހީތެރިވާން އަހަރެން އަބަދުވެސް އިރާދަކުރެއްވިއްޔާ ހުންނާނަން. ތި ދެމައިންއަކީ އަހަރެންގެ ޒިންމާއެއްކަމުގައި ހަދަން ބޭނުންވޭ…” ތަހުސީނުގެ ފަހު ޖުމްލަ އިވިފައި ރޭޝްމާއަށް އޭނާގެ މޫނުގައި ދެއަތްއަޅާ ފޮރުވާލިއެވެ. އޭނާއަށް ރޮވުނީއެވެ. އޭނާގެ ދިރިއުޅުން އާބާދުވުމުގެ އުފާވެރި ޚަބަރު ލިބިގެން މި ދިޔައީ ލޯބިވާ ދަރިފުޅުގެ ދިރިއުޅުން ގެއްލިގެން ދިޔަ ވަގުތުއެވެ. މައިވަންތަކަމުގެ ކުލުނު ވާ ކޮންމެ ހިތަކަށް ބަރުދާސްތުކުރަން ދަތި އިހުސާސްތަކެއް ކުރެވޭނެކަން ޔަޤީނެވެ.

ތަހުސީނު އެނބުރި ގެއަށް އައީ ރޭޝްމާގެ ފަރާތުން ލިބުނު އެއްބާރުލުމާ މެދު ހިތްހަމަޖެހިގެނެވެ. އަދި އެ ދެމެދުގައި އޮތް ގުޅުން ހީނަރުނުވިކަމަށްޓަކައި ޝުކުރުވެރިވަމުންނެވެ. ގެއަށް އައިސް ވަންތަނާ މަންމަ އާއި ބައްޕަގެ ބައިން ޝައުން އާއި އީތަން ނުކުންތަން ތަހުސީނަށް ފެނުނެވެ. އެއާއެކު ހަނދާނަށް ވަގުތުން އައީ ރޭޝްމާމެންގޭ ހިސާބުން ޝައުންގެ ކާރު ފެނުނު ހަނދާނެވެ.

“އިރުއޮއްސުނުއިރު ހެންވޭރަށް ދިޔައިންތަ؟” ތަހުސީނު މަޑުކޮށްލަމުން ކޮށްލި ސުވާލުން ޝައުންއަށް ބަލާލެވުނީ އީތަންއަށެވެ. ދެމީހުން ވެސް ތިބީ ހައިރާންވެފައެވެ.

“ޝައުންގެ ކާރު ފެނިގެން މި އަހާލީ. ކޮންތާކަށް ދިޔައްޔޯ”

“އެއީ… އީތަން… އޭނާގެ ފްރެންޑެއްގެ ގެއަށް” ހާސްކަން ފޮރުވަމުން ޝައުން ވާހަކަދެއްކީ އީތަންއަށް ދޭތެރެއަކުން ބަލަމުންނެވެ.

“އީތަންގެ ރައްޓެހިކުއްޖާގެ ގެއަށް ކިޔަނީ ހ.ބުލޫމޫންތަ” ތަހުސީނު ޔަޤީންކުރަން ބޭނުންވިއެވެ. ނަމަވެސް ޝައުން އާއި އީތަން އެކަކު އަނެކަކަށް ބަލާލިއެވެ. ތަހުސީނުގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި އެމީހުން ހަޤީޤަތް ސިއްރުކުރިއެވެ.

“އެއީ މާ ޚާއްޞަ ގެއަކީތަ؟” ވާހަކަ އޮޅުވާލަން މަސައްކަތްކުރަމުން ހިނިގަނޑެއް ޖަހާލި ޝައުން ބުނެލިއެވެ. އެއާއެކު ތަހުސީނު ހިނިތުންވެލާފައި ދެ ފަރާތަށް ބޯހޫރާލިއެވެ. އަދި މައްޗަށް އަރަން ހުރި ލިފްޓާ ދިމާއަށް ދިޔައެވެ.

“ޑަޒް ހީ ނޯ….” ތަހުސީނު ގޮސް ލިފްޓަށް އެރުމުން އީތަން ވަގުތުން އަހާލިއެވެ.

“ހިޔެއްނުވޭ… ފަހަރެއްގައި އެކަހަލަ ގެއެއްވީމާ އެނގިފަ ވެސް އޮވެދާނެ. ނަސީބެއްނު އެގެއިން އީތަން ނުކުންނަނިކޮށް ނުފެނުންކަން. އެހެންނޫނީ އަހަރުމެންނަށް މިކަން ކޮޅެއްގައި ނުޖެއްސެނީސް އޮންނާނީ އެންމެނަށް ފަޅާއަރާފައި. ތަހުސީނު ދޮންބެ ނުހުންނާނެ ސައިލެންޓު މޯޑުގައެއް. ހީޒް ވެރީ ޑޭންޖަރަސް…” މީހަކަށް އިވިދާނޭތީ ނިކަން ސިއްރުން ޝައުން ވާހަކަދެއްކިއެވެ.

“ރީން. ވަރަށް މެސެޖު އެބަކުރޭ. އޭނަ މަންމައާ އަހަންނާ ދެމެދު ހިނގީ ކޮންމެއްތޯ އޮޅުން ފިލުވަން ބޭނުންވެގެން އުޅެނީ” ޝައުންގެ ކޮޓަރިއަށް ވަދެވުމާއެކު ފޯނަށް ބަލަން ހުރެ އީތަން ބުނެލިއެވެ.

“ބުނެބަލަ ކަންތައްވީގޮތް. އޭނަ މަންމައަކީ ކޮންކަހަލަ އަންހެނެއްކަން އަންގާލަބަލަ…. މާ ރަނގަޅު މީހަކަށް ހެދިގެން ތި ރީން ވެސް ތިއުޅެނީ ނޭނގޭކަމަށް ހެދެންވެގެން. ބުނުވަން އުޅެންޏާ އެންމެ ރަނގަޅުވާނީ ދިމާއަށް ބުނެލިއްޔާ” އެނދުގެ ހުރަހަށް ފައިކޮޅު އެލުވާލައިގެން އޮށޯވެއޮތް ޝައުން ބުނެލިއެވެ. އީތަންގެ ކަންތަކުން ޝައުން ވެސް ވަނީ ހާސްވެފައެވެ.

“ނޫން. އޭރުން ކަންތައް ހައްތަހާ ގޯހުން ގޯހަށް ހިނގައިދާނެ. ވެދާނެއެއްނު ހަމަ އަސްލު ވެސް ރީންއަށް ނޭނގެނީކަމަށް. އަހަރެން ބުނިން ދޯ ރީން ދޮގު ހަދާނެއެކޭ އަހަރެންގެ ހިތެއް ނުބުނެޔޭ. އަނެއްކާ ޝީ ވޯޒް އަ ވާޖިން… މަ ހަމަ ކަމެއްކޮށްލާއިރަށް މިހެންވާންޖެހޭތަ. މިހެން ކިތައްމީހުން އުޅެނީ. އެ ހުރިހާ އަންހެންކުދިން ފްރެގްއެއްނުވޭ… ބޯ ހަލާކު… ހެޔޮނުވާނެ ޝޯން. ދެން ކިހިނެއް ހަދާނީ. އެމީހުން އަހަރެން ހޯދައިގެން ފެމެލީއާ ކޮންޓެކްޓުކޮށްފާނެތީ އެކަމާ ވެސް ބޯގޮވާއެބަ” އީތަން އޭނާގެ ބޮލުގައި ހިފަހައްޓާލިއެވެ.

“ހާސްނުވޭ. ޕޮލިހަށް ދާކަށް ނުކެރޭނެ. އެހެންވީމަ މައްސަލައެއް ނުޖެއްސޭނެއެއްނު. ފެމެލީއާ ހަމައަށް މައްސަލަގޮއްސިއްޔާ އެއްބަސްނުވީމާ ނިމުނީނު. ކާކަށް ކޯއްޗެއް އެނގޭނީ. ފިރެހެނުން ބުނާ ބަސް އެންމެން ވެސް ޤަބޫލުކުރާނީ. މިހާތަނަށް އަންހެނަކު ބުނެގެން ޤަބޫލުކުރިތަ އެކަކު ވެސް. އަހަރުމެން ނޫނެކޭ ބުނީމާ ދެން ކުރާނޭކަމެއް ނޯންނާނެ” ޝައުން ބުނެލިއެވެ. ނަމަވެސް އީތަންގެ ޟަމީރު އެކަން ޤަބޫލެއްނުކުރިއެވެ. އޭނާގެ ޟަމީރު ކުށްވެރިކުރަނީ ޚުދު ޢީތަންގެ އަމިއްލަ ނަފްސެވެ. ކުރެވުނު ކަންތަކުގެ ޒިންމާ އުފުލަން ޖެހޭނޭކަމުގައި ވިސްނައިދެމުންނެވެ.

އެތައް އިރަކު ވިސްނަން އޮތުމަށްފަހު ރޭޝްމާ ތެދުވިއެވެ. ފެންވަރާ ތާޒާވެލައިގެން ކޮޓަރިން ނުކުންއިރު ނާޒިލު ގޭގައި އުޅެއެވެ. އޭނާ ޒޫރިންގެ ކޮޓަރިން ނުކުންނަނިކޮށް ރޭޝްމާއަށް ފެނުނެވެ. ދެމީހުން އެކަކު އަނެކަކަށް ބަލާލުމާއެކު ނާޒިލު އިޝާރާތްކުރީ އޭނާއާއެކު އައުމަށެވެ. ސިޓިންގރޫމު ސޯފާގައި ދެ މީހުން އައިސް އިށީނުމާއެކު ވާހަކަފެށީ ނާޒިލެވެ.

“ރީން ވަރަށް ލޯބިވޭ އެ ފިރިހެންކުއްޖާ ދެކެ. އޭނާ ރީން ގާތު އެއްވެސް ވާހަކައެއް ދައްކާފައެއްނުވޭ. އަހަންނަށް ހީވަނީ އޭނާ ވެސް ރީންދެކެ ލޯބިވާހެން…. ޅަ ކުދިން ދޯ އެއީ. އެހެންވީމަ މިސްޓޭކަށް ހެދިދާނެ… ރީންއަށް އެނގޭ ކައިވެނިނުކޮށް ބަނޑުބޮޑުވީމަކީ ފާފައެއްކަން. އޭނާ އެކަމާ ވަރަށް ދެރަވެފައި ހުރީ. އެއަށްވުރެ އޭނާ މާ ދެރަވޭ ރޭޝް ތިއުޅޭ ގޮތުން. އަހަންނަށް ފެންނީ އެ ދެ ކުދިންގެ ކައިވެނި ކުރުވަން. މިހާރު ކުރުވަނިކޮށް އެ ލަދުވެތިކަމުން ސަލާމަތްވެވިދާނެ. އަދި ގިނަދުވަހެއް ނުވެއެއްނު ރީންގެ ބަނޑަށް”

“އެކަމަކު ނާޒިލު… އަހަރެން ކަންތައްކުރި ގޮތުން އީތަން އަންނާނެކަމެއް ވެސް ދެން ނޭނގެ. އީތަން އާއި ރީން ބައްދަލުވީ އިއްތިފާގަކުންކަން އަހަންނަށް މިހާރު ވިސްނިއްޖެ. އޭނާގެ ގާތުން މާފަށް އެދި ރީންއާ ކައިވެނި ކުރަން އެދެން އަހަރެން ވެސް ބޭނުން. ކައިވެނިކުރެވޭނީ އީތަން އެކަމާ އެއްބަސްވާނަމަ… ރީން އަހަންނާ ސުވާލުކުރާނޭކަން އެނގޭ. އީތަންއާ މެދު އެގޮތަށް ކަންތައްކުރެވުނީ ގަސްދުގައެއްނޫން. ރީން ވަރަށް ލޯބިވާތީކަން އެނގޭ އެވަރުގެ ގުޅުމެއް އީތަންއާއެކު އެ ބޭއްވީ. އަނެއްކޮޅުން އީތަންއަށް އޭނާ އިތުބާރުކުރާކަން ޔަޤީން… ނާޒިލު… ބުނެބަލަ ކައިވެނީގެ ވާހަކަ ދައްކަން ހަދާނޭގޮތެއް”

“އަހަންނަށް ފެންނަނީ އީތަންއަށް ގުޅަން. ގުޅައިގެން އަލުން މިގެއަށް ގެނެސް އޭނާއަށް ވިސްނައިދޭން. ރީންއާ މެދު އޭނާ ވެސް ވިސްނާނެ. ރީންގެ ވާހަކަތަކުން އެނގޭ އީތަންއަކީ އާދައިގެ ޒުވާނެއްނޫންކަން. އެކަމަކު ބިރު ވެސް ގަނޭ އެކުއްޖާގެ ހިތް ހަލާކުވެދާނޭތީ. ކޮންމެ ގޮތެއް ވިޔަސް އީތަން ނިންމުން ނިންމާނީ. ލަސްނުކޮށް އަވަހަށް ގުޅަން ފެނޭ” ނާޒިލު ބުނެލިއެވެ. އޭނާގެ ޚިޔާލު ރޭޝްމާއަށް ކަމުދިޔައެވެ. އަމިއްލަ ހިތްހަމަނުޖެހުން އެއްފަރާތްކޮށް ދަރިފުޅުގެ މުސްތަޤުބަލާމެދު ވިސްނަން ޖެހިފައިވާކަން ރޭޝްމާގެ ޟަމީރު ހަނދާންކޮށްދެމުން ދިޔައެވެ. އެހެންވެ ކުރަން ޖެހުނު ކޮންމެ ކަމެއް ކޮށްގެން ވިޔަސް ޒޫރިންގެ ހަޔާތައް އީތަން ގެންނަން ރޭޝްމާ ބޭނުމެވެ.

ގަޑިން ދިހައެއް ޖެހިއިރު އީތަން އޮތީ ގޭގައެވެ. ރޭގަނޑު ކާން ވެސް ބޭނުންނޫންކަމުގައި ބުނެ ކޮޓަރިއަށް ވަންގޮތަށް ނުނިކުންނާށެވެ. ޒޫރިންގެ ޚިޔާލުގައެވެ. އެހެން އޮއްވާ އީތަންގެ ފޯނު ރިންގުވާންފެށިއެވެ.

ފޯނަށް ބަލާލުމާއެކު އީތަންއަށް ލިބުނީ ހައިރާންކަމެވެ. ފޯނުގައި ނެތް ނަންބަރަކުން މީހަކު ގުޅާއިރު އެއީ މީގެ ކުރިން އީތަން ދުށް ނަންބަރެއް ވެސް ނޫނެވެ. ފޯނު ނުނަގަން އޮވެފައި ވެސް އޭނާގެ ޚިޔާލު ބަދަލުވީ ކީއްވެކަމެއް ނޭނގެއެވެ. ފޯނުކޯލު ނެގުމާއެކު ކަންފަތުގައި ޖައްސާލިއެވެ.

“ހެލޯ… އީތަންތަ؟” އަންހެނެއްގެ އަޑު އީތަންގެ ކަންފަތުގައި ޖެހުނެއްކަމަކު އެއީ ކާކުކަމެއް ވަކިކުރާކަށް އޭނާއަށް ނޭނގުނެވެ.

“އާން! މީ އީތަން. އެކަމަކު ތީ ކާކުކަމެއް ނޭނގުނު” ފަރުވާކުޑަގޮތަކަށް އީތަން ބުނެލިއެވެ.

“މީ ރީންގެ މަންމަ… ރޭޝްމާ…” އިވުނު އެއްޗެއް ފުރިހަމަ ނުވަނީސް އީތަން ފުންމައިގެން ތެދުވެ ހުރީ ކޮޅަށެވެ. އޭނާއަށް އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ.

ރޭޝްމާ ގުޅުމުން އީތަން ފޯނު ނެގީތީ އޭނާ ޝުކުރުވެރިވިއެވެ. އަދި އީތަންގެ ގާތުން މާފަށް އެދެން އަވަސްވެގަތެވެ. އަދި ލަސްނުކޮށް އީތަންއާ ބައްދަލުވެވިދާނެތޯ އެހިއެވެ. އީތަން އަނގައިން ނުބުނެ ހުންނަން ފެށުމުން ރޭޝްމާއަށް ހީވީ އީތަން އަދިވެސް އެ ހުރީ ހިތްހަމަނުޖެހިފައި ކަމަށެވެ. އޭނާ އާދޭސްކުރަމުން ތަކުރާރުކޮށް އޭނާއަށް މާފުކޮށްދީ ރީންއާ މެދު ވިސްނާލުމަށް އެދެމުން ދިޔައިރު އީތަންއަކަށް ވެސް އޭނާ ބޭނުންވާ ގޮތެއް ނޭނގުނެވެ. ދެ ޚިޔާލެއްގެ ތެރޭގައި ހުރި މީހަކު ހެން ރޭޝްމާ ގާތު އޭނާ ބައްދަލުކޮށްފާނަމޭ ބުނެލިއެވެ. އެކަމަކު މިރެއަކު ނޫންކަމުގައި ބުންޏެވެ. ލިބުނު ފުރުޞަތުގެ ބޭނުން ރޭޝްމާ އަވަހަށް ހިފިއެވެ. ޖެހިގެން އޮތް ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ރޭޝްމާމެން ގެއަށް އީތަން އައުމަށް ދަޢުވަތުދިނެވެ. އީތަން އެކަން ޤަބޫލުކުރުންވީ ރޭޝްމާއަށް ހިތްހަމަޖެހުން ލިބުނު ކަމަކަށެވެ. ޒޫރިންނާއި މެދު އީތަން ވެސް ވިސްނާނޭކަން ރޭޝްމާއަށް ޤަބޫލުކުރެވުނެވެ.

ފޯނުކޯލަށްފަހު ރޭޝްމާ އަވަހަށް އައިސް ޒޫރިންގެ ކޮޓަރިއަށް ވަނެވެ. އެނދުގައި އަރިއަކަށް އޮށޯވެލައިގެން ބާލީހުގައި ބައްދައިލައިގެން އޮތް ޒޫރިންގެ މޫނުމަތީގެ އުފާވެރިކަން ވަނީ ގެއްލިފައެވެ. ފިކުރުބޮޑުވެ ހަދާނޭގޮތެއް ނޭނގިފައި އޮތް ކަހަލައެވެ. އެނދުގެ މަގަތުގައި ރޭޝްމާ އައިސް އިށީނުމާއެކު ޒޫރިންގެ ބޮލުގައި ފިރުމާލިއެވެ. ސިހިފައި ތެދުވަން އުޅުނު ޒޫރިން ހިފެހެއްޓީ ރޭޝްމާއެވެ.

“ދަރިފުޅު މިރޭ ކައިފިންތަ އެއްޗެއް” ރޭޝްމާ އޯގާތެރިކަމާއެކު އަހާލިއެވެ.

“އައި އެމް ސޮރީ މަންމާ… މިހެންވީ ހަމައެކަނި އީތަންއާ ހެދިއެއްނޫން” ފެންކަޅިވެގެން ދިޔަ ޒޫރިންގެ ދެ ލޮލަށް ބަލާކަށް ރޭޝްމާއަށް ފަސޭހައެއްނުވިއެވެ. ދަރިފުޅު ގެނެސް މޭގައި ފޮރުވާލަމުން ބޮލުގައި ފިރުމަމުން ވާހަކަދައްކަންފެށިއެވެ.

“މަންމައަށް އެނގޭ ރީން ވަރަށް ލޯބިވާކަން އީތަންދެކެ. މަންމަ މިއުޅެނީ ތި ދެ ކުދިންގެ ކައިވެނި ހަމަޖައްސަންވެގެން. މާދަމާ މެންދުރުފަހު އީތަން އަންނާނެ މިގެއަށް. ދަރިފުޅު ދެން ދެރަނުވޭ… މަންމަ ޤަބޫލުކުރަން ދަރިފުޅު ގޯސްކޮށް އުޅުމުގެ ގަސްދުގައެއްނޫންކަން އެހެން އުޅުނީ. މަންމައަށް އެފަދަ ވާހަކައެއް ރީންއާ ނުދެއްކުނީމަ މައްސަލައަކީ. ފިރިހެންކުދިންނާއި އަންހެންކުދިންނަކީ ޤުދުރަތީގޮތުން އެއްބަޔަކު އަނެއްބަޔާ ދެމެދު ދަމާބާރެއްވާ ބައެއް. އަދި އަމުދުން ހިތްއެދޭ ކުއްޖާއާ އެކަހެރިކޮށް މާގިނައިން ބައްދަލުކުރަން ފަށައިފިނަމަ ދެ މީހުންނަށް ދުރުގައެއް ނުތިބޭނެ… މަންމަ ހިތަށް އަރާ މަންމައަށް އެކަންތައްތައް ކުރިން ރީންއަށް ވިސްނައިދެވުނު ނަމައޭ… ތީ އަބަދުވެސް މަންމަގެ ބަސް ޤަބޫލުކުރާ ކުއްޖެއްނު”

“ސޮރީ މަންމާ! އީތަން ހުރިހާ ކަމެއް ރަނގަޅުކުރާނެ. އަޅުގަނޑު އޭނާއަށް ޓްރަސްޓުކުރަން. އޭނަ މަންމަގެ މި ދަރިފުޅުދެކެ ވަރަށް ލޯބިވާނެ. އީތަން ގޯހެއްނުވާނެ….”

އީތަންގެ ކުށެއްނެއްކަމާއި އޭނާއަކީ ރަނގަޅު ޒުވާނެއްކަން ރޭޝްމާގެ ކުރިމަތީ ބުނެދޭން ޒޫރިން އެހާ ބޭނުންވަނީ ކީއްވެކަމެއް ރޭޝްމާއަކަށް ނުވިސްނުނެވެ. އެހެންނަމަވެސް ދަރިފުޅަށް ލިބިފައިވާ ނުތަނަވަސްކަން އިތުރުކުރާކަށް ރޭޝްމާ ބޭނުމެއްނޫނެވެ. ދަރިފުޅުގެ ބޮލުގައި ފިރުމަމުން އަނެއްކާ ވެސް ކައިފިންތޯ ސުވާލުކުރިއެވެ. އަދި ރޭޝްމާ ވެސް ނުކައި އިނުމުން އޭނާއާއެކު ކާން އައުމަށް އެދުނެވެ. ދެ ލޯ ފުހެލާފައި ޒޫރިން ރޭޝްމާއާއެކު ތެދުވިއެވެ.

—  ނުނިމޭ  —

Leave a Comment

Your email address will not be published. Required fields are marked *