އޮފީހުގެ މަސައްކަތްތައް ކުރަމުން ވެސް ދޭތެރެއަކުން އީތަންގެ ނަޒަރު މޭޒުމަތީ ބާއްވާލާފައި އޮތް އޭނާގެ ފޯނަށް ހުއްޓެވެ. އޭނާ އިންތިޒާރު އެ ކުރަނީ ޒޫރިންގެ ފަރާތުން މެސެޖަކަށެވެ. އެހެންޏާ މިހާއިރު ވާއިރު ކޮންމެވެސް ކަހަލަ ޖޯކެއް އީތަންގެ ފޯނަށް ފޮނުވާނެއެވެ. ރޭގައި އަނެއްކާ ކަމެއް ގޯސްކޮށް ހިނގީބާއޭ އީތަންގެ ހިތަށް އަރަންފެށިއެވެ. އެއާއެކު އެ ޚިޔާލުން ސިކުނޑި ކަމުންދިޔަ ކަހަލައެވެ. މަސައްކަތަށް ސަމާލުކަން ކުޑަވެގެން ދިޔައެވެ.
އޮފީސް ނިންމާފައި އީތަން ގުޅީ ޝައުންއަށެވެ. މާބޮޑަށް ޒޫރިންއާ މެދު ވިސްނޭތީ އެ ޚިޔާލާ ދުރަށްދާން އީތަން ބޭނުންވީއެވެ. އޮފީސް ހުންނަ އިމާރާތުގެ ތިރީގައި ޝައުން އަންނާނެ އިރަކަށް އީތަން މަޑުކޮށްލައިގެން ހުއްޓާ ނުފައިލު ނުކުތެވެ.
“އަހަރެން ދަމުން އީތަން ގެއަށް ވައްޓާލަދެންތަ؟” ކާރުގެ ތަޅުދަނޑު ހިފައިގެން ހުރި ނުފައި އަހާލިއެވެ.
“ތޭންކްސް، އެކަމަކު މިހިރީ ރައްޓެއްސަކު އަންނަންދެން”
“އޯކޭ… ހޭވް އަ ގުޑް ޑޭ…” ނުފައިލު ހިނގައިގަތެވެ.
ފޯނު އަތަށް ލައިގެން ދެ ޚިޔާލެއްގައި ހުރެފައި ޒޫރިންއަށް ވައިބަރއިން ސްޓިކާއެއް ފޮނުވާލިއެވެ. އޭނާގެ ފަރާތުން ޖަވާބެއް ލިބޭތޯއެވެ. ކެތްތެރިކަން ކުޑަވެފައި ހުރި މީހަކުހެން އަތްތިލައިގައި ފޯނުން ތަޅާލިއެވެ.
“މިވަގުތު ބިޒީ، މިއުޅެނީ ބޭރުގައި” އީތަންއަށް މެސެޖު ކިޔާލިއެވެ. ޒޫރިންއާ މެދު ހިތްނުތަނަވަސްވާގޮތްވިއެވެ. އެއާއެކު ހިތުގައި ސުވާލުތައް އުފެދެން ފެށިއެވެ. ޒޫރިން ބިޒީކަމުން ކުރަނީ ކޮންކަމެއް ބާއެވެ. އޭނާ ބޭރުގައޭ އެ ބުނީ ކޮންތާކު ހުރެގެންބާއެވެ. މިފަދަ އެތައް ސުވާލެއް އީތަންގެ އަމިއްލަ ނަފުސާ ކުރަމުން ދަނިކޮށް ޝައުންގެ ކާރު އައިސް މަޑުކޮށްލިކަން ވެސް އީތަންއަށް ނޭނގުނެވެ. ރެއަކާލީ ޝައުން ގޮވާލިއަޑާއެކުއެވެ. އަވަސް އަވަހަށް އައިސް ޝައުންގެ ކާރަށް އީތަން އެރިއެވެ.
* * * *
ގެއަށް ދިއުމަށް ކާރުގައި ދިޔަ ތަހުސީނުގެ ލޮލުގައި ދުވާރުމަތިން ދިޔަ ދެ އަންހެނުން އަޅައިގަތެވެ. ފަހަތުން ފެނިފައި ވެސް އެތަނުން އެކަކީ ރޭޝްމާކަން ތަހުސީނަށް ޔަޤީންވިއެވެ. މަޑުކުލައެއްގެ ކުރުތާ އާއި ޖިންސުގައި ފެންނަލެއް ނުހަނު ހިތްގައިމެވެ. ރޭޝްމާ ފެނިފައި ކާރުގެ ދުވެލި ތަހުސީނު މަޑުކޮށްލިއެވެ. އަދި މާނަފުން ހިނިތުންވުމަކުން އެއްމިޔަކަނިން ހިނިތުންވެލަމުން ދަތްދޮޅީގައި އެއްއަތް ހާކާލިއެވެ.
ގެއަށް އައިސް ތަހުސީނު ވަދެ އޭނާގެ އެޕާޓްމެންޓަށް އައެވެ. ސޯފާއަށް ވެއްޓިގަނެ ގަމީހުގެ ފުރަތަމަ ދެގޮށް ނައްޓާލާފައި ފުންނޭވާއެއްލިއެވެ.
“ރޭޝްމާ… އަހަރެންދެކެ ހަމަ އެހާ ފޫހިވޭތަ؟ މިހާރު މޫނު އަނބުރާލިޔަސް އަދި އަހަންނާ ވާހަކަދައްކާނެ، ހުރެބަލަ ނިކަން…” ހިނިއައިސްފައި އޮވެ ތަހުސީނު ވާހަކަދެއްކިއެވެ.
އަމިއްލަ ޚިޔާލުގެ ތެރެއަށް ތަހުސީނު ގެނބެމުންދިޔައެވެ. މަޑުމަޑުން ދެ ލޯ މަރާލައިގެން އޮއްވާ އޭނާއަށް ނިދުނީއެވެ. ހޭލެވުނީ ނިކަން ބޮޑަށް ހިނިއައިސްފައި އޮއްވައެވެ. އޭރު ދެ ލޯ ކަރުނުން ފުރިފައިވެއެވެ. ދެ ލޯ ފުހެލާފައި ތަހުސީނު ލޯ ހުޅުވާލިއެވެ. އޭނާއަށް ހުވަފެނެއް ފެނުނީއެވެ. ރޫހަށް ހަމަޖެހުން ލިބިގެންދާ ފަދަ ހުވަފެނެކެވެ.
“ފަރިޔާލު… ފަރިޔާލު… އަހަރުމެންގެ ދަރިފުޅު…. ލޯބިލޯބި ކުއްޖެއް…” ތަހުސީނު މޫނުގައި ދެއަތްއަޅާލިއެވެ. އަދި ދެފަރާތަށް ބޯހޫރާލިއެވެ.
ރޭޝްމާއާމެދު ވިސްނާ ކޮންމެ ފަހަރަކު ފަރިޔާލުގެ މަތިން ތަހުސީނު ހަނދާންވަނީ ކީއްވެކަމެއް ނޭނގެއެވެ. ފަހަރެއްގައި ހަޔާތަށް އައި ފުރަތަމަ ލޯތްބަކީ އެއީ ކަމަށްވާތީ ކަންނޭނގެއެވެ. ރޭޝްމާއާ ދިމާވި ފަހުން ތަހުސީނުގެ ހިތަށް ވަނީ ފަރިޔާލު ފެނުމުން ކުރެވުނު ކަހަލަ އިހުސާސްތަކެކެވެ. އެކަމަކު ފަރިޔާލާއި ރޭޝްމާގެ ޠަބީޢަތް ތަފާތެވެ. ފަރިޔާލާ ދިމާވިއިރު އޭނާއަކީ މަޑުމައިތިރި ލަދުވެތި އަންހެންކުއްޖެކެވެ. އެއާޚިލާފަށް ރޭޝްމާގެ ފަރާތުން ފެނުނީ ރުޅިވެރިކަމެވެ. އިވުނީ ޖަދަލުކުރާ ފަދަ ބަސްތަކެވެ. ކުޑަކޮށް ވެސް ތަހުސީނަށް ޝައުގުވެރިކަމެއް ފާޅެއް ނުކުރެއެވެ. އެހެނެއްކަމަކު ތަހުސީނުގެ ސިކުނޑިން ރޭޝްމާގެ ޚިޔާލު މުޅިއަކުން ބޭރުކޮށް އެއްލައެއްނުލެވުނެވެ.
“އެއީ ހުވަފެނެއް…” ހިތާއި ސިކުނޑީގައިވާ އެއްޗަކަށް ފަރުވާލެއްނެތި ތަހުސީނު ބުނެލިއެވެ. އަދި ތެދުވެގެން ފެންވަރަން ދިޔައެވެ.
* * * *
ބޭރު ދޮރާށީގެ ރަނގަބީލުގެ އަޑަށް ރޭޝްމާ އައިސް ދޮރުހުޅުވާލިއެވެ. އެއާއެކު ބިދޭސީ ފިރިހެނަކު ރޭޝްމާ ކޮބާތޯ އަހާލިއެވެ. ރޭޝްމާ ޖަވާބުދިނުމުން އެ މީހާގެ އަތުގައި އޮތް ކަރުދާސްކޮތަޅެއް ރޭޝްމާއަށް ދީފައި ހިނގައިގަނެއްޖެއެވެ. ދޮރާށި ލައްޕާލާފައި ރޭޝްމާ އައިސް ސިޓިން ރޫމު ދޮރުމައްޗަށް އެރިތަނާ ސޯފާގައި އިން ޒޫރިން ބަލާލިއެވެ.
“ނާޒިލުބެ އައީތަ؟ ތީ ކޯއްޗެއް؟” ޒޫރިން ސުވާލުކުރިއެވެ.
“ނޭނގެ. މީހަކު ދީފައި ދިޔަ އެއްޗެއް…” ކޮތަޅުތެރެ ބަލަމުން ހައިރާންވެފައި ހުރެ ރޭޝްމާ ބުންޏެވެ.
ކަރުދާސްކޮތަޅުގެ ތެރޭގައި އޮތް ނޫކުލައިގެ ފޮށްޓަކާއި ހުދުކުލައިގެ ލިލީމަލެއް ރޭޝްމާ ނެގިއެވެ. އެއާއެކު ޒޫރިންގެ ސަމާލުކަން އެ ތަކެއްޗަށް ލިބިގެން ދިޔައެވެ.
“ކާކުގެ އެއްޗެއް… މަންމައަށްތަ؟” ޒޫރިން އަހާލިއެވެ. ނަމަވެސް ރޭޝްމާ އެއްވެސް ޖަވާބެއް ނުދީ ސޯފާގައި އިށީނދެ ކުރިމަތީ ހުރި ކުޑަމޭޒުމަތީ މައު ބާއްވާފައި އަތުގައި އޮތް ފޮށި ހުޅުވާލިއެވެ.
“އޯ މައި ގޯޑް… ރިއަލް ސްޓޯންތަ މީ… ވާއު! އިޓްސް ސޯ ޕްރިޓީ… ސޯ ޝައިނިންގ” ރޭޝްމާގެ އަތުގައި އޮތް ފޮށްޓަށް ނަޒަރު ހުއްޓާލައިގެން އިން ޒޫރިން ބުނެލިއެވެ.
ޒޫރިންއަށް ބަލާލާފައި އަތުގައި ހުޅުވާފައި އޮތް ފޮށްޓަށް ރޭޝްމާ ބަލާލިއެވެ. އޭގައި އޮތީ ރިހިފަށަކާއި ކަންފަތުގައިލާ އެއްޗެކެވެ. ފަށުފުލާއި ކަންފަތުލާ މުދީގައިވަނީ އަލިމަހުގެ ވިދުމެވެ. އެއީ ކާކު ފޮނުވި އެއްޗެއްކަމެއް ރޭޝްމާއަށް އެއްގޮތަކަށް ވެސް ނޭނގުނެވެ. އޭނާ ހައިރާންވެފައި ވިސްނުމުގެ ތެރެއަށް ގެއްލިފައި އިންދާ ކުޑަމޭޒުމަތީ ބެހެއްޓި ކަރުދާސްކޮތަޅުގައި މައު ނަގަން އުޅުމުގެ ތެރޭ ޒޫރިންގެ އަތްޖެހި ވެއްޓުނެވެ. އެއާއެކު ކަރުދާސްކޮޅެއް އެކޮތަޅުގެ ތެރެއިން ވެއްޓި ސޯފާދަށަށް ދިޔަތަން ރޭޝްމާ އާއި ޒޫރިންނަށް ވެސް ފެނުނެވެ. އަތުގައި އޮތް ފޮށި އެ ކުޑަމޭޒުގެ މަތީ ބާއްވާފައި ޒޫރިން އާއި ރޭޝްމާ ވެގެން ސޯފާ ދުރަށް ޖައްސާ އޭގެ ދަށަށް ދިޔަ ކަރުދާސްކޮޅު ހޯދުމަށް އުޅުނެވެ.
“ހިއަރ އިޓް އިސް…” ނިކަން ފޯރިއާއެކު ޒޫރިން ބުނެލިއެވެ. އޭރު އޭނާ ފަތްޖަހާލާފައި އޮތް އެ ކަރުދާސްކޮޅު ނަގާ ބަލަންފަށައިފިއެވެ.
“މީ ހަމަ މަންމައަށް ފޮނުވާފައި އޮތް ގިފްޓެއް، މިއޮތީ ރޭޝްއަށް ޖަހާފައި، އެކަމަކު ފޮނުވީ ކާކުކަމެއް ނޭނގޭ، އުހުން! މިއޮތީ… ޓީއަކުރު ލިޔެފައި އޮތީ. އެއީ ކާކުތަ މަންމާ؟ ޓީ އަކުރަކުން ފެށޭ މީހަކު މަންމަ ދަންނަންތަ؟”
ރޭޝްމާ އިހު ހުރި ގޮތަށް ސޯފާ ރަނގަޅުކޮށްލުމާއެކު ސޯފާއަށް ޖެހިގަންނަމުން ޒޫރިން އޭނާގެ އަތުގައި އޮތް ކަރުދާސްކޮޅު ރޭޝްމާއަށް ދައްކަންފެށިއެވެ.
“މަންމައަކަށް ނޭނގެ ތީކާކުކަމެއް” ރޭޝްމާގެ ސިކުނޑި ސުވާލުން ފުރިފައިވިޔަސް އޭނާ އެކަމެއް ޒޫރިންއަކަށް ނުދެއްކިއެވެ. އެހެންވެ ފަރުވާކުޑަކޮށް ގޮތަކަށް އެ ކަރުދާސްކޮޅު ޒޫރިންގެ އަތުން އަތުލާފައި ކަރުދާސްކޮތަޅަށް ލިއެވެ.
“މަންމަގެ ސީކްރެޓް އެޑްމަޔަރަރ ދޯ” ހީނލާފައި ޒޫރިން ބުނެލިއެވެ. ޒޫރިންގެ ވިސްނުން މާދުރަށް ނުދަނީސް ރޭޝްމާ މޭޒުމަތީ ބޭއްވި ފޮށި ނަގާ ޒޫރިންއަށް ދިއްކޮށްލިއެވެ.
“ރީންއާ ވަރަށް ގުޅޭނެ މީތި”
“ނޯވޭ މަންމާ، މީ މީހަކު ވަރަށް ލޯބިން މަންމައަށް ފޮނުވި ގިފްޓެއް، މީގައި އަޅުގަނޑު ހިފާކަށްނުވާނެއެއްނު”
“މަންމައެއްނު މި ދިނީ، އެހެންނޫނަސް މީ މަންމަ ދަންނަ ވެސް މީހަކު ފޮނުވި އެއްޗެއްނޫން، އެހެންވީމަ ދަރިފުޅު ބޭނުންކުރިޔަސް ރަނގަޅުވާނެ، ރީތި ފަށެއް ގަންނަން ދާން ކިޔާފައެއްނު އޮތީ ވެސް، އަން! ދެން ހިފާ… މަންމަ ދަރިފުޅަށް މީތި މިދިނީ ވަރަށް ލޯބިން” ރޭޝްމާ ހީވީ އެފޮށިން ސަލާމަތްވާ އުޅޭ ހެނެވެ.
ޒޫރިން އުފަލުން އެ ފޮށީގައި ހިފިއެވެ. އަދި އަވަސްއަވަހަށް މޭޒުމަތީ އޮތް ލިލީ ހިފައިގެން ކޮޓަރިއަށް ދިއުމަށް ދުއްވައިގަތެވެ. ރޭޝްމާގެ ގާތުގައި ސްޕްރައިޓު ފުޅިއެއް ގަނެދޭން ބުނަމުންނެވެ.
* * * *
ކޮޓަރިއަށް ވަނުމާއެކު ޖަޒްލާ ދޮރުލައްޕާލިއެވެ. އީތަން ހުރި ގޮތުން ހީވަނީ މިއީ އޭނާ ޖަޒްލާގެ ކޮޓަރިއަށް ވަންނަ ފުރަތަމަ ފަހަރު ހެންނެވެ. ހަޝަމްބަދެލައިގެން ޖަޒްލާއަށް މަޑުކޮށްލައިގެން އޭނާ ހުއްޓެވެ.
“ކީއްވެފަތަ ތިހުންނަނީ، އިށީނދެބަލަ ސޯފާގައި، ވަރަށް މީރު ދޯ އެ ރެސްޓޯރެންޓުގެ އެއްޗެހި، ހުޅުވިތަނާ ދާން ހިތުލައިފައިން، އެކަމަކު ލޯބި ފްރީ ނުވެގެން ނުދެވުނީ”
“ދެން މިއޮތީ ދެވިފައެއްނު” އީތަން ބުނެލިއެވެ.
“އައި މިސްޑް ޔޫ އީތަން” ޖަޒްލާ އައިސް އީތަންގެ ގާތުގައި ސޯފާގައި އިށީނެވެ. އަދި އީތަންގެ ވައަތް ހިއްލާލާފައި އޭނާގެ އުނަގަނޑާ ދިމާލުން އީތަންގެ އަތްވަށާލިއެވެ.
“ހާދަ މަދުންނޭ އީތަން ތިއަންނަނީ، އަހަރެންގެ ޝޮޕު ހުޅުވިރޭ ވެސް އެތަނަށް ވެސް އީތަންއަށް ނުދެވުނު، އަދިވެސް އެތަން ބަލާލަން ވެސް ނުދޭ، ހިނގާބަލަ ރިސޯޓަކަށް ދާން، ކިހާ ދުވަހެއްމިވަނީ ދެމީހުން އެކުގައި ވަގުތުކޮޅެއް ހޭދަކޮށްނުލެވޭތާ”
“ކުރިން ވެސް ޖޭޒް ދާންވީމަ ދަނީނު، ތި ފިހާރަ ވެސް ހުޅުވަން ބޭނުންވާ މީހުންނާއެކު ޖޭޒް ހުޅުވީ އަހަރެންގެ ޚިޔާލެއް ހޯދާފަތަ”
“ކޮންގޮތަކަށްތަ ތި ވާހަކަދައްކަނީ، ކައިލަން މިހާރު މިގެއަށް ވެސް ނާދޭ. އަހަރުމެން ދެމީހުން ބޭރަށް ވެސް ދަނީއެއްނޫން، ވިޔަފާރީގެ ވާހަކަ ވެސް މުޅިންހެން މިދެއްކެނީ ފޯނުން…. މިވަރަށް އީތަން ބޭނުންވާގޮތަށް އުޅެން މަސައްކަތްކުރާއިރު ވެސް ތީތަ އަހަންނާ ވާހަކަދައްކަންވާނެ ގޮތަކީ… މަގޭ ބޮލުގައި ރިއްސާ އީތަން ތިއުޅޭ ގޮތަކުން، ވާހަކަދައްކަން ބޭނުންނުވަންޏާ ކޮންމެހެން އަހަރެން ގާތަށް ނަޔަސް ހެޔޮ. ކުރިން ލޯބިވިޔަސް މިހާރު އީތަން އަހަރެންދެކެ ލޯއްބެއްނުވޭ. މަށަށް ވަރިހަމަ… މަޖުބޫރުވެގެން އިންނަ މީހަކު ހެން މިތާ ނީނދެ ދިޔައްޔާ މާ ރަނގަޅުވާނެ”
ޖަޒްލާ އައި ރުޅީގައި އީތަންގެ ގާތުން ތެދުވިއެވެ. އޭނާއަށް އިރުކޮޅަކު ބަލަން އިން އީތަން ފުންނޭވާއެއް ލާފައި ދެފަރާތަށް ބޯހޫރާލިއެވެ. އޭނާއަށް ކަންތައްކުރެވުނު ގޮތާއިމެދު ވިސްނާލި ކަހަލައެވެ. މަޑުމަޑުން ސޯފާއިން ތެދުވެގެން އައިސް އޭނާއަށް ފުރަގަސްދީގެން ހުރި ޖަޒްލާގެ އަތުގައި ހިފާލިއެވެ. ހަމަ ހިފާލުމާއެކު އީތަންގެ އަތް ޖަޒްލާ ފޮޅުވާލައިފިއެވެ.
“ޖޭޒް… އައި އެމް ސޮރީ…” އީތަން ޖަޒްލާގެ ކޮނޑުގައި ދެއަތުން ހިފާލަމުން ފުރަގަހުން އޭނާއާ ގާތްވެލިއެވެ. ޖަޒްލާ ކޮނޑު ފޮޅުވާލިއެއްކަމަކު އީތަން ދުރަކަށް ނުޖެހުނެވެ. ދެފަހަރަކު އީތަންއާ ދުރަށް ދިއުމަށް ޖަޒްލާ މަސައްކަތްކޮށްފައި އެނބުރިލިއެވެ. އަދި އީތަންގެ މޫނަށް ބަލާލިއެވެ.
“ސޮރީ…” އީތަން މިހެން ބުނުމާއެކު އޭނާގެ ގައިގާ ޖަޒްލާ ބައްދާލިއެވެ. އެހިނދު އީތަންގެ ދެއަތް ވެސް ޖަޒްލާގެ ވަށާލިކަން އޭނާއަށް އިހުސާސްވެގެން ދިޔައެވެ. އެކަމާ ހިތްހަމަޖެހި ޖަޒްލާ އައިސްފައި ހުރި ރުޅި ވެސް ފިލާ ދިޔައެވެ.
ދުރަށްޖެހިލި ޖަޒްލާގެ މޫނުގައި އީތަން ދެއަތުން ހިފާލިއެވެ. އަދި ހިނިތުންވެލައިގެން ހުރިގޮތުން އީތަންގެ ސިކުނޑީގައި ކޮންމެވެސް ޚިޔާލުތަކެއް ހިނގަމުން ދާކަން ޖަޒްލާއަށް އެނގުނެވެ. އެހެންހުރެފައި އީތަން އައިސް އެނދުމައްޗަށް ވެއްޓިގަތެވެ. ރަނގަޅަށް ހަމަޖެހިލާފައި ދެ އަތްފުޅާ ކޮށްލަމުން ޖަޒްލާއަށް ބަލާލިއެވެ.
“އައި އެމް ވެއިޓިންގ…” ޖަޒްލާއަށް ވާންވީގޮތެއް ނޭނގިފައި އީތަންއަށް ބަލަންހުރުމުން، އީތަން ބުނެލިއެވެ. އެއާއެކު ހިނިއައިސްފައި ހުރެ ޖަޒްލާ އައިސް އީތަންގެ ގާތަށް އަރައި އެ އަތުގެ ތެރޭ ހަމަޖެހިލައިފިއެވެ.
“ޓުނައިޓް އައެމް އޯލް ޔޯސް… ހެޕީ..” އީތަން ބުނެލިއެވެ.
“ތެންކިއު… އައި ލަވް ޔޫ… އެންޑް ޔެސް އައި އެމް ހެޕީ” އީތަންއާ ގާތްވެލުމާއެކު ޖަޒްލާ އުފަލުން ބުނެލިއެވެ.
އެގާރަޖަހަން ކައިރިވެފައި ހުރިއިރު އީތަން އިނީ ގެއަށްދާން ބޭނުންވެފައެވެ. ޖަޒްލާގެ ގާތުގައި އިނެއްކަމަކު އޭނާގެ ސިކުނޑީގައިވަނީ އެހެން ޚިޔާލެކެވެ. ޖަޒްލާގެ ބުޅިއިސްތަށިގަނޑުން އިސްތަށިކޮޅަކާ ކުޅެމުން ދިޔައިރު ޖަޒްލާގެ ވާހަކަދައްކާއަޑު އިވެއެވެ. އެހެންނަނަމަވެސް ޖަޒްލާގެ ވާހަކަތަކަށް ސަމާލުކަމެއް ނުދެވެއެވެ. ދޭތެރެއަކުން ހިނިތުންވެލާއިރު އީތަން އެ ހިނިތުންވެލަނީ އޭނާގެ ސިކުނޑީގައި އެނބުރެމުންދާ ޚިޔާލުތަކުންނެވެ. އަތުގައި އޮތް ފޯނުގެ އިސްކުރީނު ދިއްލާލުމާއެކު އަނެއްކާ ވެސް އީތަންއަށް ގަޑި ބަލާލެވުނެވެ. ދޭތެރެއަކުން ނިކަން ބޮޑަށް ދެ ލޯ މަރާ ބާރުކޮށްލައެވެ. ހީވަނީ އޭނާއަށް ބާރުފޯރުވަމުން އެދާ ޚިޔާލުތަކުން ސަލާމަތްވުމަށް ގެންނަ ހަރަކާތެއްހެންނެވެ. މިހެން އުޅެނިކޮށް އީތަންގެ ފޯނަށް މެސެޖެއް އަތުވެއްޖެއެވެ. އެއާއެކު ޖަޒްލާގެ ބޯދަށުން އަތް ނެގުމާއެކު ތެދުވެ އެނދުގެ މަގަތުގައި އީތަން އިށީނދެ އަވަހަށް މެސެޖު ބަލާލިއެވެ. އޭނާއަށް ގެނެވުނު ހަރަކާތްތަކީ ބޭއިޚްތިޔާރުގައި ގެނެވުނު ހަރަކާތްތަކަކެވެ. އޭރު ހައިރާންވެފައި ޖަޒްލާ ބަލަން އޮތެވެ.
“ކިހިނެއްވީ؟ މެސެޖެއްތަ؟ ކާކު ކުރި މެސެޖެއް” އީތަން ފޯނަށް ބަލަހައްޓައިގެން އިންނަން ފެށުމުން ޖަޒްލާ ސުވާލުކުރިއެވެ.
“ގެއިން…” ނިކަން ބޮޑަށް ހިނިތުންވެލައިގެން ފޯނަށް ބަލަން އިނދެފައި އީތަން އަވަސް އަވަހަށް ބުނެލިއެވެ. އެހިނދު ތުންފަތުގައިވާ ހިނިތުންވުން ވެސް ސިއްރުކޮށްލައިފިއެވެ. އަދި ފޯނަށް އައި މެސެޖު ވެސް ފުހެލައިފިއެވެ.
“ލަސްވީ ދޯ… އެކަމަކު މާދަމާ ހެނދުނު އޮފީހެއް ވެސް ނޯންނާނެއެއްނު”
“ހީވަނީ ބައްޕަ ގެއަށް ދުރުވީހެން” ދެބުމަ ކައިރިކޮށްލައިގެން އިނދެ އީތަން ބުނެލިއެވެ. މި ހެދެނީ ދޮގެއްކަން އީތަންއަށް އެނގޭތީވެ އޭނާގެ އަމިއްލަ ނަފްސު ކުއްވެރިކުރެވެއެވެ. ޖަޒްލާއާ ހަތަރުކަޅި ހަމަކުރަން ނުކެރި އިސްޖަހާލައިގެން އީތަން އިނީ ވެސް އެހެންވެއެވެ. ދޮގު ހެދުން ފަސޭހަކަމަކަށް ނުވިޔަސް އަދި މީގެ ކުރިން އީތަން ކުރި ކަމަކަށް ނުވިޔަސް އެގޮތަށް އޭނާ ކަންތައްކުރީ ކީއްވެކަމެއް އޭނާއަށް ވެސް ޔަޤީނެއްނުވެއެވެ. މިވަގުތަށް އޭނާއަށް އެނގޭ އެއްކަމަކީ އޭނާގެ ފޯނަށް މެސެޖު ކުރި ފަރާތާއި ވާހަކަދައްކަން ޚުދު އީތަން ބޭނުންވާކަމެވެ. އެކަމަކު ޖަޒްލާ ދޫކޮށްލާފައި ދާކަށް ވެސް އޭނާގެ ސިކުނޑި އެއްބަހެއްނުވެއެވެ.
“އީތަން ފޮނުވާލާ ހިތެއްނުވޭ، އެކަމަކު ދެން އޯކޭވާނެ ގެއަށް ދިޔަޔަސް” ޖަޒްލާ ބުނެލިއެވެ.
“މާދަމާ ގުޅާނަން އިނގޭ” އީތަން ދިއުމަށްޓަކައި އެނދުން ތެދުވެ ލައިގެން ހުރި ޓީޝާޓު ރަނގަޅުކޮށްލިއެވެ. އޭނާ ކޮޓަރިން ނުކުތުމުގެ ކުރިން ޖަޒްލާ އައިސް އީތަން އަތުގައި ހިފާލިއެވެ. އަދި ދޮރާއި އީތަންއާ ދެމެދަށް ވަނެވެ.
“ދެން ހަމަ ދަނީތަ؟”
“މިހާރު އެގާރަޖަހާ ދިޔައީނު، ދާން ވެސް ވެއްޖެއެއްނު” އީތަން މިހެން ބުނުމުން ޖަޒްލާ އިތުރު އެއްޗެއް ނުބުންޏެވެ. އެކަމަކު ޖަޒްލާގެ ބެލުމުގައި ތަފާތުކަމެއް ހުރިކަން އީތަންއަށް ފާހަގަވިއެވެ. އަދި ޖަޒްލާގެ ބީހުންތައް ގިނަވިއެވެ. ދޮރުގައި ޖަޒްލާ ތަތްކޮށްލުމާއެކު އީތަން ވެސް ޖަޒްލާއާ ގާތްވެލިއެވެ.
“ޖޭޒް ތިހެން އުޅެފައި ފަހުން އަހަރެން ހުއްޓުވަން ނޫޅެއްޗޭ”
“ނުހުއްޓުވައިފިއްޔާ ކީއްކުރާނީ” ލާނެތް ގޮތަކަށް ޖަޒްލާ ބުނެލިއެވެ. އަދި ތިރީ ތުންފަތުގައި ދަތްއަޅާލައިގެން މަސްތުންފުރިގެންވާ ފަދަ ގޮތަކަށް އީތަންއަށް ބަލަން ޖަޒްލާ ހުއްޓެވެ.
“މެރީކުރަންދެން މަޑުކުރަން އެދުނީ ވެސް ޖޭޒް”
“އީތަން މަޑެއްނުކުރާނަންތަ؟”
“ޖޭޒްއަށްޓަކައެއްނު މިހާ ދުވަހު ވެސް މި މަޑުކުރަނީ. އެކަމަކު ތިހެން އުޅެންޏާ ކިހިނެއް އަހަންނަށް ވަކިން ކެތްވާނީ” މޭގައި ފިރުމަމުން ދިޔަ ޖަޒްލާގެ އަތުގައި އީތަން ހިފެހެއްޓިއެވެ. އެއާއެކު ތުއިގޮތަކަށް ޖަޒްލާ ހީނގަތެވެ. އަދި އީތަންގެ ގައިގާ ބައްދާލުމާއެކު އެހާ އަވަހަށް ކޮށްޕާ ވެސް ލައިފިއެވެ.
“އީތަން އަހަންނާ މެރީ ކޮށްފިއްޔާ ދެން އަތްލެވެނީ” ކޮޓަރީގެ މެދެއްހާ ހިސާބުގައި އިސްތަށިގަނޑާ ކުޅެމުން ޖަޒްލާ ވާހަކަދެއްކިއެވެ.
“މެރީކުރަން ޖޭޒް ބޭނުންވެއޭތަ ތިބުނަނީ. ޕްރޮޕޯސްކުރާނެ ވަގުތަކާމެދު ވިސްނަންވީ ދޯ” ހިނިއައިސްފައި ޖަޒްލާއަށް ބަލަހައްޓައިގެން ހުރި އިތަން ބުނެލިއެވެ.
“ތިއެއްނޭނގެ. އީތަން ޕްރޮޕޯސްކުރަންވީމަ އެނގޭނީ ހަމަ އީތަންއަށް. ހަމަގައިމު ވެސް އަހަރެން އެ ދުވަހަކަށް އިންތިޒާރުކުރާނަން” އުންމީދުންފުރިގެންވީ ގޮތަކަށް އީތަންއަށް ބަލަން ޖަޒްލާ ހުއްޓެވެ. ނިކަން ބޮޑަށް ހީނލާފައި ދެފަރާތަށް ބޯހޫރާލަމުން އީތަން ދަނީ ކަމުގައި ބުނެ ކޮޓަރީގެ ދޮރުހުޅުވާލިއެވެ.
“ނިދުމުގެ ކުރިން ގުޅައްޗޭ” އީތަންގެ ފަހަތުން ސިޑިން ފައިބައިގެން އައި ޖަޒްލާ ބުނެލިއެވެ.
“ޝައުން އައިސް އުޅޭނެ” ނިކަން އަވަހަށް އީތަން ބުނެލިއެވެ.
“ޝައުން…. އޭނަ… އޭނަ އަންނަވާހަކަ އީތަން ނުބުނަމެއްނު. ގެއަކަށް ނޫންތަ ތި ދަނީ” ޖަޒްލާގެ ވާހަކަތައް އަޑުއިވިފައި އީތަން ހާސްވިއެވެ. ދޮގެއް ހަދަން މަސައްކަތްކޮށް އެކަން ނާކާމިޔާބުވެދާނޭތީއެވެ.
“ޝައުން ބުނެފައޭ އޮތީ ގެއަށް ދިޔައިރަކުން އޭނާއަށް ގުޅައްޗޭ. ވަރަށް މުހިންމު ވާހަކައެއް ދައްކަންވެގެންނޯ. އޭނާއަށް ވެސް މިހަފްތާގައި ވަގުތު ދެވޭގޮތެއްނުވޭ. އޭނާ އުޅޭއިރު ފޯނުގައި ހުންނާކަށް ފަސޭހައެއްނުވާނެ” އީތަން ހަމަޖެހިލާފައި ހުރިގޮތް ދައްކަމުން ޖަޒްލާއާ ވާހަކަދެއްކިއެވެ. އަދި ދެމީހުން އެކުގައި ދޮރޯށި ދޮށަށް ނުކުތެވެ.
ޖަޒްލާއާ ވަކިވެގެން އީތަން އައިސް ގެއަށް ވަންއިރު ބާރަޖަހައިފިއެވެ. އޭރު ސުފިޔާނު ކިޔަން ގެންގުޅުނު ފޮތް ލައްޕާލާފައި ޓީވީ ކައިރީ ހުރި ބިއްލޫރި ފޮތްއަލަމާރި ތެރެއަށް އެ ފޮތް ލަނީއެވެ. ސިޓިން ރޫމު ދޮރުން އީތަން ވަނުމާއެކު އޭނާއަށް ސުފިޔާނު ގޮވާލިއެވެ.
“ގަޑިންވީއިރު އެނގޭތަ؟ ޝައުންއާއެކު އަބަދުތިއުޅެނީ އެއީ ވަކިން ހަރުދަނާ ޒުވާނެއްތަ؟ މައިންބަފައިންގެ މުއްސަނދިކަމުގައި އޭނާއަށް އުމުރުދުވަހު އުޅެވުނަސް އީތަންއަށް އެހެން އުޅެވޭނެތަ؟ ވަޒީފާއަށް ދާން ހެނދުނު ހޭލަންޖެހޭކަން އެނގޭއިރު ދަންވަންދެން ގެއިން ބޭރުގައި އުޅުމަކީ އެންމެހާ ވިޔާނުދާކަންކަމަށް މީހާ އެނބުރިގެންދާނޭކަމެއް… ކޮޓަރިއަށްވަދެ ހަތަރެސްފައި ދޮވެގެން އެނދަށްއަރާ ނިދޭތޯ ބަލާ. މިރޭ ދެން ނުވާނެ ބޭރަށް ނުކުމެގެން” ސުފިޔާނުގެ ވާހަކަ ނުނިމިގެން އީތަން ހުރި ކަހަލައެވެ. އަވަސްއަވަހަށް އޭނާ ގޮސް ކޮޓަރިއަށް ވަނުމުން ސުފިޔާނު ވެސް ސިޓިންރޫމުގެ ދޮރު ލައްވާ ތަޅުލާފައި، ބޮތްކާއި ފަންކާ ނިއްވާލާފައި އޭނާގެ ކޮޓަރިއަށް އައިސް ވަނެވެ.
“މިރޭ ހާދަލަހުން ކޮޓަރިއަށް ތިއައީ” އެނދުގައި އޮތް ހަމްރާ ސުވާލުކޮށްލިއެވެ.
“އީތަންގެ ގޭގައި ނޫޅޭކަން އެނގޭތީ ހިތަށް އެރީ މަޑުކޮށްލާނީއޭ އޭނާ އަންނަންދެން. ޝައުން މާލެ އައިސް އުޅޭކަން އަހަންނަށް އެނގޭ. އަދި އެ ދެމީހުން މިގޭ ތެރޭގައި ވެސް ހޭލާ ތިބޭކަން އެނގޭ. ހަމްރާއަށް އެނގޭނެ އެ ޝައުންއަކީ މީހެއްގެ ހަލާކުވެފައި ހުރި ދަރިއެއްކަން. އަހަރެންގެ ހަމައެކަނި ހުރި އަންހެންދަރިފުޅާ ހެދި ނޫޅޭ ވަރުން އީތަންއާ ހެދި މިއުޅެނީ” ސުފިޔާނު ނިދަން ތައްޔާރުވަމުން ވާހަކަދެއްކިއެވެ.
“ޝައުން ވެސް މިހާރު ކުރިން އުޅުނުހެން ނޫޅެއޭ. ފިރިހެންދަރިން ބޮޑުވާނީ ލަހުންނޭ. އަހަރުމެންގެ އީތަންއަށް އައިސްފައި ހުރި ބަދަލު ސުފިޔާނު ފާހަގަކޮށްބަލަ. އީތަން ބުނި ޝައުން ވެސް އުޅެނީ އޭނާގެ ބޮޑުބޭބެގެ ވިޔަފާރިއާ ގުޅިގެންނޭ. އެހެންނޫނަސް ޝައުންގެ ޢާއިލާ ތެރޭގައި ބޭނުންހާ ގޮތަކަށް ނޫޅެވޭނެ. އަބްދުއްސައްތާރުމެންނަކީ ފާޑުވެރި އުޅުންހުރި ބައެއް. އީތަންއަށް ކޮންމެވެސް ވަރެއްގެ މިނިވަންކަމެއް ދޭންވާނެ. އޭނާ ދާތަނަކަށް ދަނީ އަހަރުމެންނަށް ނޭނގިއެއްނޫނެއްނު. އެހެންނޫނަސް ގޭގައި ބަންދުކޮށްގެން ގެންގުޅޭކަށް އީތަންއަކީ ފިރިހެންކުއްޖެއްނު”
“ހަމްރާ. އަހަރުމެން ވެސް ނޫކަށިފުރައިގެ ޒުވާނުންގެ ގޮތުގައި ހަޔާތްވޭތުކުރުމަށްފަހު މިހިސާބަށް މިތިބީ އާދެވިފައި. އޭރާއި މިހާރު ވަރަށް ތަފާތު. އަންހެން ދަރިންނެކޭ އެއްގޮތަކަށް މިހާރު މިއޮތީ ފިރިހެންދަރިންގެ އުޅުމަށް ވެސް ބަލަންޖެހިފައި”
“އަހަރުމެންގެ އީތަން ފީކަޅާކަމެއް ނުކުރާނެ. ހިނގާ ނިދަމާ” ހަމްރާ މިހެން ބުނުމުން އެނދުގައި އައިސް އިށީނދެ އިން ސުފިޔާނު ވެސް ބޯޖަހާލިއެވެ. އަދި އަރިމަތީ މޭޒުގައި ހުރި ބޮކީގެ ފަނޑުކޮށްލިއެވެ.
* * * *
ދެ ފަރާތަށް ފުރޮޅެމުން އެއްއަތްވާޅުވީމާ އަނެއް އަތަނަށް ފޯނު ބަދަލުކުރަމުން ޒޫރިން ދިޔައިރު ކޮޓަރިތެރޭގައި ހަރުލާފައިވަނީ ހޭ އަޑެވެ. އެހެންރޭރެއެކޭ އެއްގޮތަކަށް މިރޭ ވެސް ޒޫރިން ވާހަކަދައްކަން އެ އޮތީ އިތަންއާއެވެ.
“އަންނާށޭ ނުބުނާނަންތަ؟”
“އީތަން ބޭނުމިއްޔާ އަންނަންވީ. އެކަމަކު ކެރޭނެތަ އަންނަން” އީތަން އިސްވެ ޒޫރިންގެ ގާތަށް އަންނަން އެދުމުން އެއީ ރަނގަޅު ފާލެއްކަމުގައި ޒޫރިން ޤަބޫލުކުރިއެވެ. އަވަހަށް އީތަން އައުމަށް ދަޢުވަތުދިނީ އެހެންވެއެވެ. އަދި އޭނާ އަންނަންވާއިރަށް ތައްޔާރުވާން ފެށިއެވެ.
ކޮޓަރީގެ ދޮރުހުޅުވާ ބޭރަށް ނުކުތުމުގެ ބަދަލުގައި އާދައިގެ މަތީން ހަދާހެން ކުޑަދޮރުން ބޭރަށް ޒޫރިން ފުންމާލިއެވެ. އަދި ލައިގެން ހުރި ޓީޝާޓުކޮޅަށް ދަމާލާފައި ހޭވުނު އިސްތަށިގަނޑުގައި އަތްފުނާ އަޅާ ރީތިކޮށްލިއެވެ. އެއަށްފަހު ކުޑަދޮރުކައިރިކޮށްލިއެވެ. އަދި ލައިގެން ހުރި ސޯޓުގެ ޖީބުން ފޯނު ނަގާ ބަލާލަމުން ތިރިއަށް ފޭބެން ހުރި ސިޑިއަށް ނަޒަރެއް ދިނެވެ. އީތަން އަންނާނެ އިރަކަށް ކެތްތެރިކަން ކުޑަވެފައި ހުރި މީހަކު ހެންނެވެ. ޓެރެސްގައި ހުރި ދެ ސަރަންފީގޮނޑު ކައިރިކޮށްލުމާއެކު އެތަނުގައި ޒޫރިން އާއި އީތަންއަށް ތިބެވޭނޭހެން ތައްޔާރުކޮށްލިއެވެ. އަދި އެނބުރި އައިސް ކައިރިކޮށްލާފައި ހުރި ކުޑަދޮރުގެ ދޮރުފަތް ހުޅުވާލާ، ކޮޓަރިތެރޭގައި ހުރި ގިޓާ ނެގުމަށް އަތްދިއްކޮށްލިއެވެ. ކުޑަދޮރުގައި ބަނޑުއަޅުވާލައިގެން އޮވެ ޒޫރިންގެ އަތް ގިޓައާ ހަމައަށް ފޯރީ ކިރިޔާއެވެ. އެ ހިފައިގެން އައިސް ސަރަންފީގޮނޑީގައި ދެފައިވަށްކޮށްލައިގެން އިށީނެވެ. އުނގުގައި ގިޓާ ހަމަޖައްސާލުމާއެކު އުޑުމައްޗަށް ގެއްލިފައި އިންހެން ޒޫރިން އިނެވެ. އޭނާގެ ސިކުނޑީގައި ކޮންމެވެސް ޚިޔާލެއް ހިނގަމުން ދަނީކަން ގައިމެވެ. އެހެން އިނދެ ކުޑަކޮށް ހިނިތުންވެލައެވެ. އަދި އަތުގެ އިނގިލިތައް ގިޓާގެ ނަރުތަކުގައި ޖައްސާލުމާއެކު ޒޫރިންގެ ނަޒަރު ގިޓައަށް ހުއްޓާލިއެވެ.
“އައި ވިޝް ޔޫ ނޯ ހައު އައި ފީލް އަބައުޓް ޔޫ… އައި ލަވް ޔޫ… އައި ލަވް ޔޫ އީތަން…” ހިނިތުންވެލައިގެން އިނދެ ޒޫރިން ބުނެލިއެވެ. އަދި ގިޓާގެ ނަރުތައް އެކި ހަމަތަކަށް ހިފަހައްޓަމުން އަނެއްއަތުގެ އިނގިލިތަކުން ނަރުތަކުގައި ކޮއްޓަންފެށިއެވެ. އެއާއެކު މަޑުމަޑު ރާގަކުން މުޅި މާހައުލަށް ދިރުންގެނުވި ކަހަލައެވެ. މަސްތުކުރުވާ ފަދަ އަސަރުތަކެއް ޖެހެމުންދިޔަ މަޑުމަޑު ވައިރޯޅިތަކުގައި ހިފަމުންދިޔައެވެ. ދެ ލޯ މަރާލަމުން ތުންފަތަށްވެރިފައިވާ ހިނިތުންވުމާއެކު މަޑުމަޑުން ޒޫރިންގެ ހަށިގަނޑު ވެސް ރާގާ އެއްވަރަށް ދެފަރާތައް ދަމުންދިޔައެވެ. އެހެންއިންނަތާ ގިނައިރުތަކެއްނުވެއެވެ. ޒޫރިންގެ ފޯނު ވައިބްރޭޓުވާން ފެށިއެވެ. ފުންމައިގަތެން ގޮނޑިން ތެދުވުމާއެކު ފައިވަބަށް ފައިތިލަ ކޮށްޕާލާފައި ގޮނޑިއަށް ގިޓާ ދޫކޮށްލަމުން ޒޫރިން ދުއްވައިގަތީ ސިޑިއާ ދިމާއަށެވެ. އަދި ފޯނު ނަގާ ކަންފަތާ ކައިރިކޮށްލުމާއެކު “ހެލޯ” އޭ ބުނެލިއެވެ.
ދޮރޯށިން ވަންގޮތަށް އީތަން ފުރަތަމަ ވެސް އަޅައިގަތީ ޒޫރިންގެ ފައިގައެވެ. ލާފައި ހުރި ޓީޝާޓަށް އިތުރުމީހަކަށް ވަދެވޭނެހާ ޖާގަ ހުރިއިރު ތިރީކޮޅުން ލާފައި ހުރި ޖިންސު ސޯޓުބުރި ކުރުކަމުން ފަލަމަސްގަނޑުން ފެށިގެން ފައިގެ ބޮޑުބައެއް އޮތީ ހާމައަށެވެ. ދެ ކޮނޑުމަތި ބޮޑަށް ނިވާވެފައި އޮތީ ޒޫރިންގެ ދިގު އިސްތަށިގަނޑުންނެވެ. ކުރެވުނު އާދަޔާ ޚިލާފު އިހުސާސްއަކުން ނިކަން އަވަހަށް އީތަން އޭނާގެ ނަޒަރު ތިރިކޮށްލިއެވެ. އަދި މޭގައިވާ ހިތް ހަމައަކަށް އަޅުވަމުން ތުންފަތާއިއެކު ދަތްދޮޅީގައި އަތްހާކާލިއެވެ. ހިނިއައިސްފައި ހުރެ އީތަންއަށް ގޮވާލާފައި ޒޫރިން ސިޑިން އަރަންފެށިއެވެ. އެއާއެކު އީތަން ވެސް ޒޫރިންއާއެކު ސިޑިން އަރައިގެން އައިސް ޓެރެސްގެ މެދެއްހާ ހިސާބުގައި މަޑުކޮށްލިއެވެ.
“ނީށީންނާނަންތަ؟” ޒޫރިން އައިސް ގޮނޑިތައް ކައިރީ މަޑުކޮށްލާފައި އީތަން ނާންނަކަން އެނގިގެން ބުނެލިއެވެ.
“ރީން ހާދަ ރެޑީވެލާފައޭ… އަނެއްކާ މިރޭ އަހަންނަށް ލަވައެއް ކިޔައިދެނީތަ؟”
“އަހަރެން ލަވަކިޔުމުން އީތަންއަށް އަހަރެންގެ އަޑެއް ކަމަކު ނުދިޔައެއްނު” ޒޫރިން ހިނިއައިސްފައި ދެފަރާތުގައި ދެއަތް ވިއްދާލައިގެން ހުރެ ބުނެލިއެވެ. ހީނލާފައި އިސްޖަހާލި އީތަން ތަޅުމުގައި އެއްފައި ހާކާލާފައި އައިސް ޒޫރިން އިށީންނަން އުޅުނު ގޮނޑި ނޫން ދެންހުރި ގޮނޑީގައި އިށީނެވެ.
“ޕްލޭމީ ސަމްތިންގ…” ޒޫރިންގެ އޭނާގެ އެއްފަރާތު ތަޅުންމަތީ ގިޓާ ބާއްވާލަން އުޅެނިކޮށް އީތަން ބުނެލިއެވެ. އެހިނދު ވަރަށް ވެސް ފުން ނަޒަރަކުން އީތަންއަށް ޒޫރިން ބަލާލިއެވެ.
“މާގިނަ ލަވަތަކެއް ކުޅޭކަށް އަދިއެއްނޭނގޭ، ދުވަސްކޮޅެއްވެއްޖެ ސިކުނޑިއަށް ދެތިންލަވައެއް ވަންގޮތަށް އަބަދު އެ އެ ލަވަތައް ކިޔޭތާ. ސޯ އެތަނުން ލަވައެއް ކުޅެވޭތޯ ބަލާނީ. ކަމުދަންޏާ ބުނައްޗޭ….” ފުންނޭވާއެއްލާފައި ޒޫރިން ރާގެއްކުޅެން ގިޓާ ތައްޔާރުކޮށްލާފައި ބުނެލިއެވެ. އީތަން ބަލަން އިން ގޮތުން ހީވަނީ ޒޫރިން ކުޅެން އުޅޭ ރާގަކަށް އޭނާ ޝައުގުވެރިފައި އިންހެނެވެ.
ދެތިންފަހަރު ނަރުތަކާ ކުޅެލާފައި ޒޫރިން ބޭނުންވާ އަޑުތައް ނަރުތަކުން ނުކުންނަން ފެށުމުން އޭނާ އީތަންއަށް ބަލާލާފައި ނިކަން ބޮޑަށް ހިނިތުންވެލިއެވެ.
ޒޫރިން ކުޅެމުންދިޔައީ ދިވެހިލަވައެއްގެ ރާގެވެ. އީތަން އަޑުއަހަމުން ދިޔަ ވަރަކަށް އޭނާގެ ހިތުގެ ނާރުތަކާ ޒޫރިން ކުޅެމުން ދާ ކަހަލައެވެ. ދޭތެރެއަކުން ޒޫރިންއަށް ބަލަންއިނދެ ލޯ ހިމަކޮށްލައެވެ. އީތަންގެ ހިތާއި ސިކުނޑީގައިވާ ޖަޒުބާތީ ހައިޖާނުން މިންޖުވާން އޭނާ މަސައްކަތްކުރަމުން ދިޔައެވެ. އީތަންގެ ނަޒަރު ޒޫރިންގެ ދޮން ފަޔަށް ހުއްޓޭލެއް ވެސް ގިނައެވެ. ހައިރާންވަނީ އެހެންވެއެވެ. ނިވާކަން ކުޑަ ހެދުން އަޅާ އަންހެންކުއްޖަކަށް ޖަޒްލާ ވާނެއެވެ. އީތަންގެ ކުރިމަތީގައި ޖަޒްލާ ހުއްޓެއްކަމަކު އިހުސާސްނުވާ ކަހަލަ ގޮތްތަކެއް ޒޫރިން ފެނުމުން ކުރެވެނީ ކީއްވެކަމެއް އީތަންގެ ޟަމީރަށް ވެސް ނޭނގެއެވެ. ކަންބޮޑުވަނީ އެހެންވެއެވެ. ޒޫރިންގެ ތުންފަތުގައިވާ ހިނިތުންވުމާއެކު އޭނާގެ އެ ރީތި ސިހުރުޖައްސާ ދެ ލޯ ވެސް ހިނިތުންވެލާފައިވާ ކަހަލައެވެ. އުޑުގައި ފިޔަޖަހަމުން ދިޔަ ތަރިތަކުގެ ވިދުން އެ ހިސާބަށް ނުފޯރި ނަމަވެސް އީތަންއަށް ހީވަނީ ސާދަ ފަނަރައިގެ ހަނދު ކުރިމަތީގައި އިންހެނެވެ. ޖަޒްލާގެ ގާތުގައި ހުންނައިރު އިހުސާސްނުވާ ކަރުހިއްކުމެއް ޒޫރިންގެ ގާތަށް އައުމުން އިހުސާސް ކުރެވެނީ ކީއްވެތޯ އީތަން އޭނާގެ އަމިއްލަ ނަފުސާ ހިތާހިތުން ސުވާލުކުރަމުން ދިޔައެވެ.
“އައި ނޯ ދެޓް ސޯންގ… ވަރަށް ފަހުން ކޮންމެވެސް ތާކުން އަޑުއެހިން… ކުރީގެ ލަވައެއްނު” އީތަން ބަލަން އިން ގޮތުން ޒޫރިން ނިއްއަރުވާލުމުން އޭނާ ބުނެލިއެވެ.
“ތީ… ތީ އެ މަގޭ އެންމެ އެދޭ. ހިތުގަ މިވާ ސޫރަ ތެދޭ. ލޯބި މިވާވަރު ދެން ބުނިއްޔާ، ގޯހެއްހޭ މީ ހަދާ…” ޒޫރިން ކުޅެމުންދިޔަ ރާގަށް ލަފުޒުތައް އަތުރާލުމާއެކު އީތަން ހޭންފެށިއެވެ.
“ތި ލަވަތަ އެހާ ވަރުން ރީންގެ ބޮލަށް ވަދެގެން އުޅެނީ. ވަރަށް ވެސް މާނަފުން ލަވައެއް. އެހެއްނު….” އީތަން މިހެން ބުނެލުމުން ޒޫރިން ވެސް ހީނލާފައި ގިޓާ ނަގާ އޭނާގެ އެއްފަރާތުން ގޮނޑީގައި ލައްކޮށްލިއެވެ.
“ސޯ… ޔޫ ލައިކް އިޓް” ޒޫރިން އަހާލިއެވެ. އެއާއެކު އީތަން އިރުކޮޅަކު ބަލަން އިނދެފައި ލޯ މަރާލަމުން ބޯޖަހާލިއެވެ. އަދި ހިނިތުންވެލައިގެން އިނދެފައި ގޮނޑިން ތެދުވެގެން ޓެރެސްގެ ފާރުބުރި ކައިރިއަށް ޖެހިލިއެވެ. ޒޫރިން ވެސް ތެދުވެގެން އައިސް ހަމަ އެތަނުގައި މަޑުކޮށްލިއެވެ.
ޒޫރިންގެ ގާތަށް އައުމުން ރޭޝްމާގެ މަތިން އީތަން ހަނދާންވެއެވެ. އެރޭ އެގެއަށް ޝައުންއާއެކު އައީ ކީއްކުރަންކަން ވެސް އޭނާ ހަނދާނެއްނުނެތެއެވެ. އެހެންނަމަވެސް ރޭޝްމާއަށް ނުއުފެދުނު ޝައުގުވެރިކަމެއް ޒޫރިންގެ މައްޗަށް އުފެދިފައިވެއެވެ. އަމިއްލަ ނަފްސު ހިފަހައްޓަން މަސައްކަތްކުރަމުން އޭނާ ދަނީ ވަރުގަދަ ހަނގުރާމައެއް ކުރުމުގައި ދެމިހުރި ފަހުލަވާނެއް ފަދައިންނެވެ. ނަމަވެސް ކުރިލިބުމުގެ އެއްވެސް ކޮޅެއް އޭނާއަކަށް ނުފެނެއެވެ. ޒޫރިންގެ ބޮލުން ފެށިގެން ފައިތިލައާ ހަމައަށް ވެސް އީތަންއަށް ބެލެނީ ދަހިވެތިކަމެއް އެކުލެވިފައިވާ މީހަކު ފަދައިންނެވެ. ޖަޒްލާ އާއި ޒޫރިންއަކީ އަންހެނުންނަށް ވިޔަސް އީތަންގެ ނަޒަރުގައި ދެ މީހުންގެ އަގު ތަފާތެވެ. ރޭޝްމާ ކަހަލަ އަންހެނުންނަކީ އަނތްބަކަށް ހެދުމަށް އެއްވެސް ފިރިހެނަކު ބޭނުންވާނެ ކަހަލަ އަންހެނުންނެއް ނޫނެވެ. ޒޫރިންގެ އެ ހުންނަ ޖެހިލުން ކުޑަކަމާއި ސަމާސާ މިޒާޖަކީ ރޭޝްމާ ކަހަލަ އަންހެނުން ފަދައިން ފިރިހެނުންގެ ސަމާލުކަން ހޯދުމަށް ގެންގުޅޭ އުކުޅުތަކަކަށް ވެދާނޭކަމަށް އީތަންގެ ޟަމީރު ވިސްނައިދޭން މަސައްކަތްކުރެއެވެ. ފަހަރެއްގައި އޭނާއަށް ޒޫރިންގެ ޚިޔާލުތަކާ ދުރުވާން އެހާ އުނދަގޫވަނީ އެހެންވެ ކަންނޭނގެއެވެ. ނަމަވެސް ޖަޒްލާއަކީ އީތަންގެ ދިރިއުޅުމަށް ގެންނައުމަށް އެންމެ އެކަށީގެންވާ އަންހެންކުއްޖާއެވެ. އަނތްބެއްގެ ގޮތުގައެވެ.
މަޑުމަޑުން ޒޫރިންއާ ގާތަށް ޖެހިލާ އޭނާގެ ހާވާލާފައި އޮތް އިސްތަށިގަނޑުން މޫނުމައްޗަށް ގޯނާ ކުރަމުން ދިޔަ އިސްތަށިތައް އީތަން ދުރަށް ޖައްސަންފެށިއެވެ. ރަކި ގޮތަކަށް ހިނިއައިސްފައި އީތަންއަށް ބަލަން ޒޫރިން ހުއްޓެވެ. އޭނާގެ ހިތުގެ ހިނގުން އަވަސްވެފައިވާވަރު އީތަންއަކަށް ނޭނގެއެވެ. މާބޮޑަށް އީތަން ގާތްވެ ޒޫރިންގެ އުނަގަނޑުގައި ހިފާލުމާއެކު ކުއްލިއަކަށް ޒޫރިން ދުރަށް ހިނގައިގަނެއްޖެއެވެ.
“އަހަރެން ދާންވީތަ؟” ޒޫރިން ފުރަގަސްދިނުމުން އީތަން ބުނެލިއެވެ. އެ އަޑުއިވިފައި ޒޫރިންގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވެގެން ދިޔައެވެ. ޒޫރިން ކަންބޮޑުވަނީ ކޮންކަމަކާކަމެއް އޭނާއަކަށް ނޭނގެއެވެ. އޭނާއަށް އީތަން ވަރަށް ކަމުދެއެވެ. ހަމައެއާއެކު އީތަންއަށް ވެސް އޭނާ ކަމުދާކަން ބުނެދޭނެ އިތުރު މީހަކު ބޭނުމެއްނުވެއެވެ. އީތަންގެ ބެލުމާއި އޭނާގެ ހަރަކާތްތަށް ހުންނަގޮތާއި ޢަމަލުތަކުން އޭނާގެ އިހުސާސްތައް ޒޫރިންއަށް އެނގެއެވެ. އެވަރުން ޒޫރިންއަށް ފުދެއެވެ. އެހެންނަމަވެސް އީތަން ހިތްހަމަނުޖެހުނީ ކަމުގައި ހީވެ ޒޫރިންގެ ހިތަށް އުނދަގޫވިއެވެ.
“ކަމޯން ރީން… ހޭވް ސަމް ކޮންފިޑެންޓް… ހީޒް އޯލް ޔޫ ވޯންޓް… ދެން ކޮންބިރެއް” ދެ ލޯ މަރާ ތަގުޅިކޮށްލުމާއެކު ދެއަތްތިލަ ޖޯޑުކޮށްލައިގެން ހުރެ ޒޫރިން އޭނާގެ އަމިއްލަ ހިތާއި ނަފުސަށް އަޑުލައިގަތެވެ. އަދި ފުންނޭވާއެއްލުމާއެކު އީތަންއަށް އެނބުރި ބަލާލީ ހިނިތުންވެލައިގެން ހުރެއެވެ. އީތަންއާ ބައްދަލުވާއިރަށް އޭނާއަށް ލިބޭ ގޮތްނޭނގޭ ޔަޤީންކަމާއެކުއެވެ. ފަހަރެއްގައި އީތަން އޭނާގެ ފަރާތުން ދުށުމަށް އެދޭ ސިފައަކީ އެއީ ކަންނޭނގެއެވެ. އީތަން ޤަބޫލުކުރަނީ ޒޫރިންއަކީ އެއްވެސް ކަމަކަށް ފަސްނުޖެހޭނެ އަންހެންކުއްޖެއްގެ ގޮތުގައި ކަމަށް ޚުދު ޒޫރިންއަށް ވިސްނުނެވެ. އެހެންވެ އެގޮތުގައި ހިފަހެއްޓުން އޭނާއަށް މުހިންމުވިއެވެ.
“އީތަން ބޭނުމިއްޔާ ދާންވީ، އެކަމަކު ނުބުނާތި އަހަރެން ފޮނުވާލިއްޔޭ” ޒޫރިން ބުނެލިއެވެ. އަދި ވިރެމުންދިޔަ ހިތަކާއެކު ކުރިއަށް ފިޔަވަޅު އަޅަމުން އައިސް އީތަންގެ މޭގައި އެއްއަތުން ފިރުމާލުމާއެކު އަނެއްއަތުން އީތަންގެ އިސްތަށިގަނޑު ހާވާލިއެވެ. އަދި އީތަންގެ ބަނޑުގައި ވިކާލިއެވެ. ސިއްސައިގެން ދިޔަ އީތަން ޒޫރިންއަށް ގޮވާލުމާއެކު އޭގެ ބަދަލުހިފަން އުޅުނެވެ. ނަމަވެސް ހުށިޔާރުވެ ހުރި ޒޫރިން ދުއްވައިގަތީ އީތަންއާ ދުރަށެވެ. އެވަގުތު ގޮނޑީގައި ޒޫރިން އަޅައިގަނެފައި ގިޓާ ވެއްޓުނު އަޑާއި ދެ ޒުވާނުންގެ ހުނުމުގެ އަޑުން މުޅި މާހައުލުގެ ހިމޭންކަން ގެއްލުނެވެ. ހުނުންގަނޑު ހިފަހައްޓަން ޒޫރިން މަސައްކަތް ކުރަމުން ތުންފަތުގައި ޝަހާދަތްއިނގިލިޖައްސަމުން އީތަންއަށް ވެސް އަޑުމަޑުކުރުމަށް އިޝާރާތްކުރަމުން ދިޔައެވެ. އެހެން އުޅެނިކޮށް ޓެރެސްއަށް ނުކުމެވެން ހުރި ދޮރުގެ ތަޅުގައި މީހަކު ހިފާލި އަޑަށް ވަގުތުން ޒޫރިން ސަމާލުކަމަށް އައެވެ. ދެ ލޯ ބޮޑުކޮށްލުމާއެކު އެއްއަތުން ގިޓާ ހިފައިގެން އަނެއްއަތުން އީތަންގެ އަތުގައި ހިފައިގެން އައިސް ކޮޓަރީގެ ކުޑަދޮރު ކައިރިއަށް މަޑުކޮށްލިއެވެ. އަދި ދޮރުފަތް ހުޅުވާލުމާއެކު އެނދުމައްޗަށް ގިޓާ އެއްލާފައި އީތަންއަށް ބަލާލިއެވެ.
“މީހަކު އައިސްދާނެ…” ހާސްވެފައި ހުރެ ޒޫރިން ބުނެލިއެވެ.
“އަހަރެން މިއޮއްދިގު މީހާ ކިހިނެއް ވަންނާނީ” އީތަންބުނެލިއެވެ.
“ވަދެވޭނެ… ޕްލީޒް އީތަން…” ޒޫރިން ހާސްވިވަރުފެނިފައި އީތަން ވެސް ބަލަން ނުހުރެ ކުޑަދޮރުން ފައިކޮޅު އެތެރެކޮށްލުމާއެކު ކޮޓަރިތެރެއަށް އޭނާ ދެމިގަތެވެ. އޭނާ ބަލަން ހުއްޓާ ފަރިތަކަމާއެކު ޒޫރިން ކުޑަދޮރުން އެތެރެއަށް ފުއްމާލާ އަވަހަށް ކުޑަދޮރުލައްޕާ ތަޅުލިއެވެ. އަދި ފަރުދާތައް ދަމާ ކޮޓަރިތެރެ ނިވާކުރުމަށްފަހު އަވަހަށް އައިސް ނިދާ ބޮކި ދިއްލިއެވެ. އެއާއެކު ހުދު އަލިން ދިއްލާލާފައި އޮތް ކޮޓަރި ކުއްލިއަކަށް ރީނދޫ އައްޔަކަށް ފަނޑުވެގެން ދިޔައެވެ. އޭރު ވެސް ޒޫރިން ހުރީ ހާސްވެފައެވެ.
“ރީން…” އީތަން ބުނަން އުޅުނު އެއްޗެއް ނުބުނެވުނެވެ. ވަގުތުން ޒޫރިން މަނާކުރީއެވެ. އޭނާގެ އިނގިލިތައް އޭރުހުރީ އީތަންގެ ތުންފަތުގައި ޖައްސާ ބާރުކޮށްލެވިފައެވެ. ޒޫރިންގެ ހަށިގަނޑުގެ ހޫނުކަން އީތަންއަށް އިހުސާސްވަމުން ދިޔައިރު އޭނާއަށް ހުރެވުނީ އެހާ ކައިރީގައިކަން ޒޫރިންއަށް ކުޑަކޮށް ވެސް ރެޔަކާނުލައެވެ. ޒޫރިންގެ ނަޒަރު ކޮޓަރީގެ ދޮރާދިމާއަށް އަމާޒުވެފައި ހުރި ގޮތަށް ހުރީއެވެ. އެހެންހުއްޓާ އޭނާގެ ކޮޓަރީގެ ތަޅުގައި މީހަކު ހިފިއަޑުއިވުނެވެ. އެވާނީ ރޭޝްމާއަށްކަން ޒޫރިންއަށް ޔަޤީންވެއެވެ. މިރޭގެ ސަކަރާތްމާބޮޑުވުމުން ނިދާފައި އޮތް ރޭޝްމާއަށް ހޭލެވުނީކަން ޒޫރިންއަށް ޔަޤީންވިއެވެ. އަދި ރޭޝްމާ އެ ދިޔައީ ޒޫރިން ނިދާފައިތޯ ޔަޤީންކޮށްފައެވެ. ނިދުމުގެ ކުރިން ކޮޓަރި ތަޅުލަން ރޭޝްމާ އަބަދުވެސް ބުނާނެއެވެ. މުހިންމުކަމެއް ޖެހިއްޖެނަމަ ރޭޝްމާ ތަޅުދަނޑިން އެ ކޮޓަރި ހުޅުވާނަން ކަމުގައި ބުނެފައި ވެއެވެ.
ރޭޝްމާ ހިނގައްޖެކަން ޒޫރިންއަށް ޔަޤީންވުމާއެކު ފުންނޭވާއެއް ބޭރުކޮށްލިއެވެ. އަދި އީތަންގެ ގައިގާ ޖެހިގަނެގެން ކަހަލަ ގޮތަކަށް ހުރެވުމުން އަވަހަށް ދުރަށް ޖެހިލިއެވެ. އެއްފައި ކުރުކޮށްލައިގެން އަނެއްފައި ދަމާލައިގެން އީތަން ކާޕެޓުމަތީ އިށީނދެ ޒޫރިންގެ އެނދުގައި ލެނގިލިއެވެ. އަދި ވަށައިގެން ނަޒަރު ހިންގާލިއެވެ. ޒޫރިން އައިސް އޭނާގެ އެނދުގައި ބަންޑުން އޮށޯވެލީ އެނދުގެ ހުރަހަށް އީތަންއާ މޫނު ދިމާވާނޭ ފަދަ ގޮތަކަށެވެ.
“ކޯއްޗެއް ތިބަލަނީ” އީތަން އަނގައިން ނުބުނެ އެއްފަރާތަށް މޫނު އަނބުރާލައިގެން އިނދެ ޒޫރިންއަށް ބަލަމުން ދިއުމުން ސުވާލުކުރިއެވެ.
ޖަވާބުދިނުމުގެ ބަދަލުގައި އީތަން އިނގިލިތަކުގެ ނުފުށުން ޒޫރިންގެ ކޯތާފަތުގައި ފިރުމާލިއެވެ. އަދި މަޑުމަޑުން ޒޫރިންގެ މޫނުގައިވާ ބުމަ އާއި ލޮލާއި ނޭފަތާއި އެންމެ ފަހުން ތުންފަތުގައި އީތަން ފިރުމަން ފެށިއެވެ. ކިތަންމެ ބާރަށް ޒޫރިންގެ ހިތްތެޅުނުކަމުގައި ވިޔަސް އަދި ހިތުގައި ބިރުވެރިކަމެއް އުފެދިގެން ދިޔަ ކަމުގައި ވިޔަސް މިފަހަރު އީތަންގެ އަތްފޮޅުވާލާފައި އޭނާއަށް ދުރަށްނުދިއުމަށް އަމިއްލަ ނަފުސަށް މަޖުބޫރުކުރިއެވެ. އީތަންގެ ކޮންމެ ބީހިލުމަކަށް އޭނާ މަރުޚަބާކިޔަން ތައްޔާރުވިއެވެ. އެހެންނަމަވެސް ހިނިތުންވެލަން ކުރި މަސައްކަތްވީ ބޭކާރެވެ. އީތަންގެ ލޮލުން ފޮނުވަމުން ދިޔަ މެސެޖުތައް ދެނެގަތުމަށް ޒޫރިން މަސައްކަތްކުރަމުން ދާކަން ޚުދު އީތަންއަށް ވެސް އެނގެއެވެ. ޒޫރިންގެ ބޮލުގައި އެއްއަތުން ހިފާ ކުޑަކޮށް އުފުލާލުމާއެކު އީތަންގެ މޫނާ ކައިރިކުރަންފެށިއެވެ. ނޭވާ އިހުސާސްވާހާ ކައިރިއަށް ދެ މޫނު އައުމާއެކު ޒޫރިންއަށް ލޯމަރާލެވިއްޖެއެވެ. އަދި މޭގައި އަތްއަޅާ ބާރުކޮށްލެވުނީ އޭނާގެ ނެގިނެގިފައި ޖެހެމުންދިޔަ ހިތް އީތަންއަށް ސިއްރުކުރުމަށެވެ.
“ބީ ބޯލްޑް ރީން… ބީ ބޯލްޑް…” ޒޫރިންގެ ސިކުނޑީގައި އެއް ލަފުޒުތަކެއް ތަކުރާރުކުރަމުން ދިޔައެވެ. މެރިފައިވާ ދެލޮލުން އީތަން ނުފެނުނު ކަމުގައި ވިޔަސް ތެތްކަމަކާއި މަޑުހޫނުކަމެއް ތުންފަތަށް އިހުސާސްވެގެން ހިނގައްޖެއެވެ. ހަށިގަނޑުގެ ހުރިހާ ނާރުތަކެއް ހޭލައްވާލި ކަހަލައެވެ. އަދި ވިސްނުމުގެ ބާރު ދެރަކޮށްލިއެވެ. ހުރިހާ ޚިޔާލަކުން މިނިވަންވި ކަހަލައެވެ. ދެ ލޯ މަރާލައިގެން ވެސް އީތަންގެ މޫނުގައި އަތްލަން ޒޫރިންއަށް އެނގުނެވެ.
ޒޫރިންގެ ހަރަކާތްތަކަށް ބަލަން އީތަން އިނީ ފަހަރެއްގައި އޭނާ އެކޮށްލި ކަމަކުން ޒޫރިން ހިތްހަމަނުޖެހިދާނެކަމަށް ބަލާފައެވެ. ނަމަވެސް އޭނާއަށް ފެނުނީ ލަދުވެތި ހިނިތުންވުމަކާއެކު ޒޫރިން އިސްޖަހާލިތަނެވެ. ކުރިން ވެސް ޒޫރިން މަނާ ނުކުރާނޭކަން އީތަންއަށް އެނގޭ ކަހަލައެވެ. ދެވަނަ ފަހަރަށް ޒޫރިންއާ ދިމާއަށް ދިއުމަށް ޔަޤީންކަން ލިބިގެން ދިޔައެވެ. އިންތަނުން ތެދުވެ ޒޫރިންއާއެކު އެނދުގެ ދިގުމިނަށް އީތަން އޮށޯތެވެ.
އީތަންގެ އަތުތެރެއަށް ޒޫރިން ލައިގެން އޮށޯވެ ދެންވީ ކިހިނެއްކަމެއް ޒޫރިންއަކަށް ނޭނގެއެވެ. އީތަން ބީހެންފެށިގޮތުން އެއްވެސް ކަމަކަށް ހުރަސްއަޅަން ޒޫރިންގެ ހިތް އެންމެ ފަހަރަކު ވެސް ގޮވާނުލިއެވެ. އޭގެ ބަދަލުގައި އޭނާގެ ހިތް ލޯބިން ފުރި އަރަމުންދިޔައެވެ. ފަތިސްވާންކައިރިވިކަން އެނގުނީ ވެސް އީތަން ތެދުވުމުންނެވެ. އޭނާ ތެދުވެ އެނދުގެ މަގަތުގައި އިށީނދެލުމާއެކު ބިއްދޮށުގައި އޮތް ޒޫރިންއަށް ބަލާލިއެވެ. އޭރު ޒޫރިން ވެސް އޮތީ ބަލާށެވެ. ބުނަންވީ ކީކޭކަމެއް ނޭނގިފައެވެ. ޒޫރިންގެ މުޅިހަށިގަނޑުގައި އީތަން ހުވަނދުލައިފިއެވެ. ކޮންމެ ދިމާއަކުން ޒޫރިންއަށް ދުވަނީ އީތަންގެ ހަށިގަނޑުން ދުވި މީރު ވަހެވެ.
“ގެއަށް… ގެއަށްދާން…” އީތަންއަށް ވާހަކަދައްކަން އުނދަގޫވިއެވެ. އޭނާ ޒޫރިންއާ މެދު ކަންތައްކުރި ގޮތަކުންނެއްނޫނެވެ. އޭނާ ހީވެސް ނުކުރާވަރުކަމެއް ޒޫރިންގެ ފަރާތުން ފާހަގަވީތީއެވެ. ނަމަވެސް އެކަމާ ސުވާލުކުރަން މިއީ އެންމެ ރަނގަޅު ވަގުތު ނޫންކަމުގައި އީތަންއަށް ވިސްނުނީއެވެ. އަދި މިވަގުތު ޒޫރިންގެ ހިތުގައި ހިނގާނޭ އިހުސާސްތައް ނޭނގޭތީ ވެސް މެއެވެ. އީތަން ތެދުވެ ތައްޔާރުވަމުން ދިޔައިރު އެނާގެ ފުރަގަހަށް ވަދެހުރި ޒޫރިން ވެސް ތައްޔާރުވެލިއެވެ. އެވަގުތު ވެސް އީތަންއަށް ސިއްރުން އޭނާގެ ކޮނޑުމަތިން ފަހަތުން ހުރި ޒޫރިންއަށް ބެލެއެވެ. މިރޭ އޭނާ އެ ދަނީ ދުވަހަކު ވެސް މީގެ ކުރިން ނުކުރާވަރު ކަމެއް ކޮށްފައެވެ. ލިބުނު ހިތްހަމަޖެހުމަށްވުރެ އުފެދުނު ސުވާލުމާކު ބޮޑެވެ.
ގޭތެރެ އަމާންކަން ޒޫރިންއަށް އެނގުމުން އޭނާ ކުޑަދޮރުން ނުކުންނަން އުޅުނެވެ. އެހެންނަމަވެސް މިފަހަރު އޭނާއަށް އެހާ ފަސޭހައެއްނުވިއެވެ. ހަށިގަނޑަށް ބަދަލުތަކެއް އައިސްފައިވީތީއެވެ. އެކަން އީތަންއަށް ފާހަގަކުރެވި ޒޫރިން ނުކުތުމަށް އެހީތެރިވެދިނެވެ. އެއްވެސް ވާހަކައެއް ނުދައްކާ އީތަން އެގެއިން ނުކުމެގެން ދިޔައީއެވެ. ދަމުން ޒޫރިންއަށް ބަލާލާފައި އޭނާގެ ކޯތާފަތުގައި ފިރުމާލިއެވެ. ހިނގަން އުނދަގޫވެގެން އުޅޭ ކަހަލަ ގޮތަކަށް ޒޫރިން އެނބުރި އައިސް އޭނާގެ ކޮޓަރިއަށް ވަނެވެ.
ލައްޕާލިކުޑަދޮރުގައި ލެނގިލައިގެން އެނދުގެ ތަންމައްޗަށް ބަލަހައްޓައިގެން ޒޫރިންއަށް ހުރެވުނެވެ. ކަންބޮޑުވެފައި ހުރި ފަދަ ގޮތަކަށެވެ. އަމިއްލަ ދެއަތް ބަނޑުގައި ވަށާލެވުމާއެކު ތިރީތުންފަތުގައި ދަތްއަޅާލެވުނެވެ. އެ ކޮޓަރީގައި ހިނގާ ދިޔަ ކަންތަކާމެދު އޭނާ ވިސްނަންފެށިއެވެ. ދެންވާނީ ކިހިނެއްބާއެވެ. އީތަން އެ ދިޔައީ އަނގައިން ބަހެއް ވެސް ނުބުނެއެވެ. އޭނާ އަނގައިން ނުބުނީ ޒޫރިންގެ ސަބަބުންބާއެވެ. އެހާފަސޭހައިން އޭނާއާ ގާތްވުމުގެ ފުރުޞަތު އީތަންއަށް ދިނުމުންބާއެވެ. ހުސް ވެސް ސުވާލެވެ. އަނެއްކޮޅުން ހިތްބިރުގަންނަ ޒާތުގެ ނުބައި ޚިޔާލުތައް ވެސް ސިކުނޑިއަށް ވެރިވަމުން ދިޔައެވެ. ޒޫރިންއާއެކު އެކޮޓަރީގެ ހަތަރުފާރުގެ ތެރޭ ޝައިތާނާ ހާލިހަދާފައިވާ މިންވަރު އޭނާއަށް އިހުސާސްވެސް ނުކުރެވެއެވެ. ނުބައިމަގަށް ފައިތިލަ އަޅާލީ ޚުދު ޒޫރިން އަމިއްލައަށެވެ. އީތަންއަށް ގެއްލިދާނެކަމުގެ ބިރާއެކު އެ ލޯބި ހާޞިލުކުރަން ބޭނުންވެފައި ހުރި ވަރުންނެވެ. އީތަންއަށްޓަކައި އޭނާ ކޮންމެފަދަ ކަމެއް ވެސް ކުރާނޭކަން އަންގަން ބޭނުންވީއެވެ.
ކޮޓަރިއަށް އައިސް ވަންގޮތަށް އީތަން އަވަސްވެގަތީ ފާޚާނާއަށް ވަނުމެވެ. މާގަޑުގެ ދަށުގައި ހުއްޓިލައިގެން ހުރިއިރު އޮހެމުންދިޔަ ހޫނުފެންތިކިތަކުން އޭނާގެ ހަށިގަނޑު އިތުރަށް ވަރުބަލިކުރުވިއެވެ. އެހެންނަމަވެސް ސިކުނޑި މަސައްކަތްކުރަމުންދިޔައީ ހީވެސްނުކުރާހާ ހަލުވިމިނެއްގައެވެ.
“އެހެންވާންވީކީއްވެ؟ ރޭޝްމާގެ އެއީ ކާކުބާ؟ އެކަހަލަ ގެއެއްގައި އެފަދަ އަންހެންކުއްޖަކު ކުރަނީކީއް؟ އަނެއްކާ ރޭޝްމާ އެއަންހެންކުއްޖާ ބަހައްޓާފައި އެހުރީ އެފަދަ ވިޔަފާރިކުރަންބާ؟ އެހެންވިޔަސް އޭނާއާ މީގެ ކުރިން ދުވަހަކު ވެސް ފިރިހެނަކު ގާތްނުވާކަން އަހަންނަށް އެނގިއްޖެ. އަޖައިބެއްފަދަ ކަމެއް… އެކަމަކު އެކަން ދޮގެއް ވެސް ނުކުރެވޭނެ… ކީއްވެބާ ދެން އަހަންނަށް މަނާނުކުރީ…” އީތަން އޭނާގެ ދެއަތުން ނިތްކުރީގައި ޖައްސާލުމާއެކު ފަހަތަށްވާގޮތަށް ދެއަތް ހިންގާލިއެވެ.
ކުރެވުނީ ރަނގަޅުކަމެއްނޫންކަން ޚުދު އީތަންއަށް ވެސް އެނގެއެވެ. ޒޫރިންގެ އަތުން އޭނާ މިރޭ އަތުލައިގެން އެ އައީ ދުވަހަކު ވެސް އަނބުރާ ނުދެވޭނޭވަރުގެ އެއްޗެކެވެ. ފެންވަރައިގެން ނުކުމެ އެނދުގައި ޖައްސާލުމާއެކު ސިކުނޑީގެ ހާސްކަމުގެ ތެރެއިން ވެސް ނިންޖާ ހަނގުރާމައެއް ނުކުރެވުނެވެ. ދެ ލޯ މެރި ނިދީގެ ފުންކަމުގެ ތެރެއަށް އީތަން ވަދެނިމިއްޖެއެވެ.
އާމުކޮށް ހޭލާގަޑީގައި ރޭޝްމާ ތެދުވިއެވެ. އެހެންނަމަވެސް އޭނާ އަވަސްވެގަތީ ޓެރެސްއަށް ނުކުތުމަށެވެ. ނުކުމެ ބަލާލިއިރު ދެ ސަރަންފީގޮނޑި ޓެރެސްގެ މެދެއްހާ ހިސާބުގައި ކައިރިކޮށްލާފައި ހުއްޓެވެ. ދެބުމަކައިރިވެ ނިތަށްރޫޖެހިލުމާއެކު ރޭޝްމާ ކަމަކާ ވިސްނާލީކަން ޔަޤީނެވެ. އަތުކުރީ އޮތް ގަޑިއަށް ބަލާލާފައި އޭނާ ބަދިގެ ފަރާތަށް ވަނެވެ. އަދި ހެނދުނުގެ މަސައްކަތްތައް ފަށައިގަތެވެ. ޒޫރިން ތެދުވަންވާއިރަށް ސައިހެދުމަށެވެ.
ނުވައެއް ޖަހަނިކޮށް ޒޫރިންއަށް ހޭލެވުނެވެ. އޭނާ އޮތީ ތިރީ ކާޕެޓުމަތީގައި ކުރުގެޅިލައިގެން އޮތްގޮތަށެވެ. ހޭލެވުމާއެކު ފުންމައިގެން ތެދުވިއެވެ. އަދި ކޮޓަރިއަށް ވަށައިގެން ނަޒަރު ހިންގާލިއެވެ. ދެ ލޯ ބޮޑުކޮށްލައިގެން ހުރެ ވިސްނަމުންދިޔައީ ކަންތައްތައް ކުރަންވީ ގޮތަކާ މެދުއެވެ. އެނދުމައްޗަށް ބަލާލިއިރު ތަތްމަތީގައި ހަޑިވެފައި ހުރި ތަންގަނޑެއް ހުއްޓެވެ. ރޭސުރެން ޒޫރިން ވިސްނަނީ އެކަމާއެވެ. ދުވަހަކު ވެސް އެއްޗެހި ދޮންނާކަށް ޒޫރިންއަކަށް ނުޖެހެއެވެ. މަދު ފަހަރަކު ރޭޝްމާ އެއްޗެހި ހިއްކަން އަޅާއިރު ޒޫރިން ވެސް އައިސް ހަރުގަނޑުގައި އެއްޗެހި އަޅާދެއެވެ. އެހެންވުމުން ޒޫރިން އެއްޗެހި ދޮންނަން އުޅެފިނަމަ ރޭޝްމާ ސުވާލުކޮށްފާނެއެވެ. އެކަމަށް ދޭނޭ ޖަވާބެއް ނޭނގޭތީއާ ދޮގެއް ހަދަން އުޅެގެން ރޭޝްމާއަށް ބޭޒާރުވެދާނޭތީއާއެކު ޒޫރިން ވަނީ ހާސްކަމެއްގެ ތެރޭގައެވެ. ރޭޝްމާ އައިސް އެކޮޓަރިއަށް ވަދެފިއްޔާ މިހާރު ވެސް ހުރިހާ ކަމެއް ބޭޒާރުވާނެކަން ޔަޤީނެވެ. ވިސްނަވިސްނާފައި ޒޫރިން އައިސް އެނދުގެ ތަންމަތިނަގާ ބޮޑިކޮށްލުމާއެކު އެއްފަރާތުގައި ބެހެއްޓިއެވެ. އަދި ނިކަން ރަނގަޅަށް ގޮދަޑިމަތިބަލާ ފާސްކުރިއެވެ. އެ އެނދުމަތީ އެއްވެސް ކަމެއް ހިނގިކަމުގެ ހުރިހާ ނިޝާނެއް ފޮހެލަން ޒޫރިން މަސައްކަތްކުރިއެވެ. އެއަށްފަހު ފެންވަރާ ތާޒާވެލައިގެން ކޮޓަރިން ނުކުތެވެ. ރޭޝްމާގެ ހަރަކާތްތައް ހުރިގޮތް ދެނެގަތުމަށެވެ.
“ދަރިފުޅު ހޭލީތަ؟ އެބައޮތޭ ވާހަކައެއް ބުނަންވެފައި” ބަދިގެ ފަރާތަށް އައިސް ވަން ޒޫރިން ފެނުމާއެކު ފިހެފައި ހުރި ރޮށިތަށި ގެނެސް ކާމޭޒުމަތީ ބަހައްޓަމުން ރޭޝްމާ ބުނެލިއެވެ. އެއާއެކު ޒޫރިންގެ ހިތް ބާރަށް ތެޅިލިއެވެ.
“ދަރިފުޅު ރޭގައި ބޭރަށްނުކުތިންތަ؟ ސަރަންފީކައިރިކޮށްލާފައި ހުރީމަ”
“އަޅުގަނޑު… އަޅުގަނޑު ގިޓާ ހިފައިގެން އިނިން. ރޭގައި ވަރަށް ލަހުން ނިދުނީ… ވަރަށް ވައި ވެސް ގަދައެއްނު ރޭގައި” ޒޫރިން އައިސް ކާމޭޒުދޮށުގައި އިށީންނަމުން އިސްޖަހާލައިގެން ހުރެ ވާހަކަދެއްކިއެވެ.
“މަންމައަށް އެނގޭ ޒޫރިން މިހާރުތީ ކުޑަކުއްޖެއްނޫންކަން، އެކަމަކު ވެސް ދަންވަރު ބޭރަށް ނުނިކުންނަން މަންމަ ބުނަމެއްނު”
“ސޮރީ މަންމާ. ދެން ނުނިކުންނާނަން”
“ކުރިއަށްމިއޮތީ ވިއްސާރަކުރާނޭ ދުވަސްތައް. އެހެންވީމަ ވައިވެސް ގަދަވާނެއެއްނު. އަދި އެއީކީ ނޫނޭ މަންމަ ބުނަން އުޅުނު ވާހަކައަކީ. ރޭގައި ނާޒިލުބެއާ މަންމަ ވާހަކަދެއްކިން. ވަޒީފާގެ ކަންތަކާ މީހަކާ ބައްދަލުކުރަން މިއަދު ހަވީރު ދަރިފުޅު ބަލާ އަންނާނެ ވާހަކަ ބުނެފައި އޮތީ” ރޭޝްމާގެ ވާހަކައަށް ޒޫރިން އެއްވެސް އެއްޗެއް ނުބުންޏެވެ.
“ރީން! ހާދަ ބަސްމަދުވެފައި ތިއިންނަނީ. ވަޒީފާއަކަށް ދާން ބޭނުންނުވަނީތަ؟ ނޫނީ ރީން ކުރާހިތްވާކަމެއް އޮތިއްޔާ ވެސް ބުނެބަލަ. އޭރުންތާ މަންމައަށް އެނގޭނީ. ކިޔަވައިގެން މަސައްކަތެއްނުކޮށް އަބަދު ގޭގައި ހުރުމަކީ އެހާ ރަނގަޅުކަމެއްކަމަކަށް މަންމައަކަށް ނުފެނޭ. އަނެއްކާ މީހުންނާ ގުޅިގެންއުޅެން ދަސްވާނީ ވެސް އޮފީހަކަށް ވަނީމަ”
“އެހެންވެއެއްނޫނޭ މަންމާ. އަޅުގަނޑު ޖޮބަކަށްދާން ވިސްނަމޭ. ދެން ނާޒިލުބެ އައީމަ ދާނީ. ވަރަށް ބަނޑުހައިވެފަ މި އިނީ”
“އެހެންތަ. އަވަހަށް ހިނގާ ސައިބޮމާ” ރޭޝްމާ ހިނިތުންވެލާފައި ކާމޭޒުމައްޗަށް ސައިތައްޔާރުކުރަން ފެށިއެވެ.
* * * *
ސައިބޯން އިން ތަހުސީނަށް ޝައުން ބަލަނީ ކީއްވެކަން އޭނާއަށް އެނގެއެވެ. އެހެންނަމަވެސް ޝައުންގެ ސުވާލަށް ޖަވާބުދޭން ނުފެންނާތީ ހިމޭންކަން ހިޔާރުކޮށްގެން އިނީއެވެ. ބައެއްފަހަރަށް ޝައުން ޖައްސާ ވައްތަރުތަކުން ތަހުސީނު ގާތަށް ހިނި ވެސް އާދެއެވެ. މޭޒުދޮށުން ތަހުސީނު ތެދުވުމާއެކު ޝައުން ވެސް އަވަސްކޮށްލައިގެން ތެދުވެއްޖެއެވެ.
“މަންމާ، ތަހުސީނު ދޮންބެއާއެކު މި ދަނީ އޮފީހަށް” ޝައުން މިހެންބުނެފައި އެއްނޭވާއިން މޭޒުމަތީ ހުރި ފެންތަށި ބޯލައިފިއެވެ. އަދި ތަހުސީނުގެ ފަހަތުން ދިޔައެވެ.
“ތަހުސީނު ދޮންބޭ، އެއީ ކޮންރައްޓެއްސެއްތޯ. ޔަޤީން ވަރަށް ޚާއްޞަވީމަ އެހާ އަގުބޮޑު އެއްޗެއް ތި ފޮނުއްވީ. އެއީ އެންމެ ފަހުން ގެންނެވި ސްޓޮކުގައި ހިމެނޭ ޑިޒައިނެއް” ސިއްރުން ކަހަލަ ގޮތަކަށް ތަހުސީނާއެކު ގެއިން ނުކުންނަން ދަމުން ޝައުން ވާހަކަދެއްކިއެވެ.
“ކޮންމެ މީހެއްގެ ވެސް އަމިއްލަ ކަންތައްތަކެއް ހުންނާނެއެއްނު، ދޮންބެ ވެސް ނާހަން ދޯ ޝައުންގެ ކަންކަން. އެހެންވީމަ ތިޔަކަހަލަ ވާހަކަ ނުދައްކާ. ވަގުތުޖެހުނީމާ އެނގެން ހުރި ކަމެއްވިއްޔާ އެނގޭނެ. އޭރުން ހުރިހާކަމެއް ވެސް ސާފުވާނެ”
“ސިއްރެއް ދޯ… އޯކޭ… ދެން ނާހާނަން” ލާނެތް ހިންޏެއް އައިސްފައި ހުރެ ޝައުން ބުނެލިއެވެ.
އޮފީހުގެ ބޮޑުގޮނޑީގައި އިށީނދެ ލިޔުންތަކެއް ބަލަމުން އެތަނުން ބައެއް ލިޔުންތަކުގައި ސޮއެކުރަމުން ތަހުސީނު ދިޔައެވެ. މަހުގެ ފަހުކޮޅުކަމަށްވާތީ މުވައްޒަފުންގެ މުސާރަޝީޓުތައް ޗެކުކޮށް އޭގައި ސޮއެކޮށް ފައިސާގެ ކަންކަން ހަމަޖެއްސުމުގައި އަވަދިނެތި އުޅެނިކޮށް މެންދުރުވެއްޖެއެވެ. ކުރާނެ މާބޮޑުކަމެއްނެތިފައި އޮފީހުގައި އުޅޭ ޝައުން އައިސް ތަހުސީނުގެ ކެބިންއަށް ވަނެވެ. އަދި މެންދުރު ކާން ގެއަށް ނުދަންތޯ ސުވާލުކުރިއެވެ. ޝައުން ގެއަށް ދިއުމަށް ބުނަމުން ތަހުސީނު ގަސްދުކުރީ އޮފީހުގައި މަޑުކޮށްލާށެވެ. ސޮއެކުރަން ގެންގުޅުނު ގަލަމުގެ ދޯރިޖަހާލުމާއެކު ޝައުން ނުކުމެގެން ދިޔަ މަންޒަރު ބަލަން އިނެވެ. އަދި ފުންނޭވާއެއް ލުމާއެކު ނިތްކުރީގައި އަތްހާކާލާފައި ގޮނޑީގެތެރެއަށް ހަށިގަނޑު ދޫކޮށްލިއެވެ.
“ރޭޝްމާއަށް އެނގޭނެބާ އެއީ އަހަރެން ފޮނުވި އެއްޗެއްކަން. ކީއްވެތަ އެހާ ދުރުދުރުން އޭނާ އެ އުޅެނީ. އަނެއްކާ އަހަންނަކީ ކާކުކަން އެނގޭތީތަ؟ އެވާނީ އަހަންނަށް އިތުބާރުނުކުރަނީކަމަށް…” ޚިޔާލުތަކަށް ގެއްލިފައި އިންދާ އޮފީހުގައި ގެންގުޅޭ ބިދާސީ ފިރިހެނެއްކަމަށްވާ ސޯމީ އައިސް ތަހުސީނުގެ ކެބިންގެ ދޮރުގައި ޓަކިދިނެވެ.
“ކީކޭ ސޯމީ، އެއްޗެހިތައް އެކޮޅު ފިހާރައަށް ގެންދިޔައީތަ؟”
ލައްބަ، ސަރ، އަޅުގަނޑު ލަންޗު ނަގަން ދަނީ”
“އާން! ސޯމީ… އިހަށް މަޑުކޮށްލަބަލަ. ކުރިން ދުވަހު ގިފްޓު ގެންގޮސްދިނުމުން މެޑަމް އެއްވެސް ސުވާލެއްކުރިތަ؟” ކަމެއް އެނގެން ބޭނުންވެފައި އިނދެ ތަހުސީނު ސުވާލުކުރިއެވެ.
“ނޯ ސަރ. މެޑަމަމް ކޮތަޅުގައި ހިފައިފަ ގޭޓުލެއްޕީ. އެއްވެސް ވާހަކައެއް ނުދައްކާ”
“އެހެންތަ. މައްސަލައެއްނެތް ދެން ސޯމީ ދިޔަޔަސް. ކަމަކު ޖެހިއްޖެއްޔާ އަހަރެން ގުޅާނަން. އަދި ބުނަން. މިއަދު ހަވީރު ވާނެ ގަލޮޅަށް ޖައްސާލަން. އެތާ ކުއްޖާއާ ދެ މީހުންވެގެން ސޮޓޮކްތައް ނަގާ ފިހާރައިގެ ޑިސްޕްލޭއަށް ލާންވާނެ” ތަހުސީނު މިހެން ބުނުމުން ސޯމީ ބޯޖަހާލާފައި ހިނގައްޖެއެވެ.
ދުވަހުގެ ބޮޑުމަސައްކަތްތައް ނިންމާލާފައި އެކައުންޓިންބައި އެންމެ އިސް މުވައްޒަފާ މަސައްކަތްތައް ހަވާލުކޮށް އިރުޝާދުތައް ދީފައި ތަހުސީނު އޮފީހުން ނުކުތެވެ. އޭރު ޝައުން އޭނާގެ ކާރުގައި އީތަންގެ ގާތަށޭ ކިޔާފައި އޮފީހުން ނުކުމެގެން ހިނގައްޖެއެވެ. ތަހުސީނު ވެސް އޮފީހުން ނުކުތީ ގެއަށް ދާށެވެ. އެހެންނަމަވެސް ކާރަށް އަރާ ދުއްވާލުމާއެކު އޭނާގެ ޚިޔާލު ބަދަލުވެއްޖެއެވެ.
* * * *
“ރީން މިހާރު ވަރަށް ޒިންމާދާރުވެއްޖެ. މިއަދު ވެސް އުޅޭ އަމިއްލައަށް އެއްޗެހިދޮވެހަދަން. އަދި ބުނެފި މަންމަ ކީއްވެހޯ އަޅުގަނޑުލައްވާ މަސައްކަތްނުކުރުވަނީ. މީހަކާ އިނދެގެން އުޅޭއިރު މަސައްކަތެއް ކުރަން ނޭނގުނީމާ އޭނާ ބުނާނީ ކީކޭހޯ. މަ ވަރަށް ހިނިއައި… ހިތަށްއެރި އަހަރެންގެ ރީން ހާދަ ބޮޑުވެއްޖެޔޭ. މިހާރު އެއީ ފުރިހަމަވެފައި ހުރި އަންހެނެކޭ. މާދަމާ ނޫންކަމެއްނޭނގެއޭ ބުނާނީ މަންމާ އަޅުގަނޑު ކުއްޖަކާ ރައްޓެހިވެއްޖެއީމޭ… ކައިވެނިކުރަންށޭ މިއުޅެނީ…” ރޭޝްމާ ހިނިއައިސްފައި އިނދެ ނާޒިލުއާ ވާހަކަދެއްކިއެވެ. އޭނާގެ ދެލޮލުން ފާޅުވަމުންދާ އުންމީދުގެ ކުލަވަރުތައް ނާޒިލަށް ވެސް ފެންނަކަހަލައެވެ. އޭނާ ވެސް ރޭޝްމާގެ ވާހަކަތަކަށް ބޯޖަހަމުން ދިޔައީ ހިނިއައިސްފައި އިނދެއެވެ.
“ހާދަ އަވަހޭ ދުވަސްތައް ދާލެއް. ރޭޝްގެ ތިއުންމީދުތައް އިރާދަކުރެއްވިއްޔާ ހަޤީޤަތަކަށްވާކަށް ދެން ގިނަދުވަހެއްނެތް.”
“ލެޓްސް ގޯ” ސިޑިން ފައިބައިގެން އައި ޒޫރިން ބުނެލިއެވެ. އެއާއެކު ރޭޝްމާ އާއި ނާޒިލު ދައްކަމުންދިޔަ ވާހަކަހުއްޓާލާފައި ޒޫރިންއަށް ސަމާލުކަން ދިނެވެ.
“ގުޑްލަކް ރީން…” ދޮރޯށިން ނާޒިލުއާއެއްކޮށް ނުކުންނަން އައި ޒޫރިންގެ ގައިގާ ކުޑަކޮށް ބައްދާލާފައި ރޭޝްމާ ބުނެލިއެވެ. އަދި ނާޒިލުއާއެކު ޒޫރިން ނުކުމެގެން ދިއުމުން އެމީހުންނަށް އަތްހޫރާލިއެވެ.
އެނބުރިގެއަށްވަންނަން އުޅެނިކޮށް މަގުގެ އަނެއްފަރާތުގައި ކާރުގައި ލެނގިލައިގެން ހުރި މީހާ ފެނިފައި ރޭޝްމާގެ މޫނުމަތީގައިވާ ހިނިތުންވުން ގެއްލުނެވެ. އޭނާ އަވަސްއަވަހަށް ގެއަށްވަދެ ދޮރާށި ލެއްޕިއެވެ. އެއާއެކު ސިކުނޑިއަށް އެކި ޚިޔާލުތައް ބޮނޑިވެގަތެވެ. ގޭތެރެއަށް ވަންނަން ނޭނގިފައި ހުރި މީހަކުހެން ދޮރޯށީގައި ޖެހިލައިގެން ރޭޝްމާ ހުއްޓެވެ. ސިހިގެންދިޔައީ ބެލްޖެހިއަޑުއިވިފައެވެ. ދޮރު ނުހުޅުވަން ހުރެފައި ވެސް އެމީހަކު ނުދާނޭކަން ޔަޤީންވާތީ އެންމެފަހުން ދޮރޯށި ހުޅުވާލިއެވެ.
“ވާހަކަވެސް ދައްކާނުލެވޭނެތަ؟ ކުޑަކުޑަ ވަގުތުކޮޅެއް ބޭނުންވަނީ… އަހަރެން މިއުޅެނީ ނުބައިނިޔަތެއްގައެއްނޫންކަން އޭރުން އެނގޭނެ. ޕްލީޒް… ވަރަށް ގިނައިރުވެއްޖެ މިހެން ބޭރުގައި ހުންނަތާ. ބެލްޖަހަން ނުކެރިފައި ހުރީ ވެސް ރޭޝްމާ އަހަރެންގެ މޫނުމައްޗަށް ދޮރޯށި ޖަހާފާނެއޭ ހިތަށްއަރާވަރުން”
“ކޮންވާހަކަދައްކަން” ރޭޝްމާ މޫނު ހަދާލައިގެން ހުރެ ބުނެލިއެވެ.
“އަހަރެން ވަންނާކަށް ހުއްދައެއްނުދޭނަންތަ؟ މިހެންމަގުމަތީގައި ތިބެތަ ވާހަކަދައްކަންވީ. ރޭޝްމާއާ ވާހަކަދައްކަން އަހަރެން ވަރަށް މަސައްކަތްކޮށްފިން. އެންމެކުޑަމިނުން އަހަންނާ ރަޙުމަތްތެރިކަމެއް ބާއްވަން ވެސް ބޭނުންނުވަނީތަ؟ ކީއްވެތަ ތިހާ ރުޅިއަންނަނީ”
ރޭޝްމާ މަޑުމަޑުން ދޮރޯށި ހުޅުވާލިއެވެ. އެއާއެކު ބޭރުގައި ހުރި މީހާ އެތެރެއަށް ވަނެވެ. އޭނާ ވަނުމުން ދޮރޯށިލައްޕާލާފައި ރޭޝްމާ ކުރިއަށް ހުރެ އައިސް ސިޓިން ރޫމަށް ވަނެވެ. އަދި އަތުން ސޯފާއަށް އިޝާރާތްކޮށްލިއެވެ. އެއާއެކު ބަދިގެ ފަރާތަށް ގޮސް ފިނިފެންތައްޓެއް ހިފައިގެން އައިސް ސޯފާގައި އިން މީހާއަށް ދިއްކޮށްލިއެވެ.
“މެހެމާންދާރީ އަދާކުރުމުގެ ރީތި ސިފަ ލިބިފައިއެބަހުރިކަން ހަމަ ޔަޤީން. ޝުކުރިއްޔާ” ރޭޝްމާއަށް އެމީހާ ބުނެލިއެވެ.
“ތަހުސީނު… އެއީ ތަހުސީނު ފޮނުވި އެއްޗެއްތަ؟ ކީއްކުރަން؟” ތަހުސީނުގެ ކުރިމަތީ ކޮޅަށް ހުރެ ރޭޝްމާ ސުވާލުކުރިއެވެ.
“ދޭ ހިތުން ދިން އެއްޗެއް އެއީ. ކަމުނުދަނީތަ؟ ކީއްވެތަ ތިހާ ރުޅި އަންނަނީ. އަހަންނަށް ރޭޝްމާ ނުރުހޭ އެއްޗެކޭ ބުނެވިފަ އޮތީތަ؟” ތަހުސީނުގެ އަތުގައި އޮތް ބިއްލޫރިތަށި ކުރިމަތި ހުރި ކުޑަމޭޒުގައި ބަހައްޓަމުން ވާހަކަދެއްކިއެވެ.
“ތަހުސީނު ތިއުޅޭ ގޮތުން އަހަންނަށް ވަރަށް އުނދަގޫވޭ”
“އިށީނދެގެން ވެސް ވާހަކަދެއްކޭނެއެއްނު. ނިކަން ހަމަޖެހިގެން އަހަރެންގެ ވާހަކަ އަޑުއަހާބަލަ” ތަހުސީނު މިހެން ބުނުމުން އިރުކޮޅަކު އޭނާއަށް ބަލަން ރޭޝްމާ ހުރެފައި އައިސް ވަކިން ހުރި ސޯފާގޮނޑީގައި އިށީނދެއްޖެއެވެ. އެހެންނަމަވެސް އޭނާ ހަމަޖެހިގެން އިންހެނެއް ހިޔެއްނުވެއެވެ.
“ތިދައްކަން އައި ވާހަކައެއް ދެން ދައްކަބަލަ”
“ރޭޝްމާއަށް ފަހަރެއްގައި ވެސް އުނދަގޫކުރަނީއެއްނޫން. އަހަންނަށް ރޭޝްމާއާ ބެހޭ އެއްވެސް އެއްޗެއް ނޭނގޭ. އެކަމަކު ހިތަށް އެރި އެއްކަމެއް އެބައޮތް. އެއީ ރޭޝްމާއަކީ މީހެއްގެ ހައްޤެއްނޫނޭ. ފެނުނު އެއްވެސް ފަހަރަކު ރޭޝްމާއާއެކު އަހަރެން ފިރިހެނަކު ނުދެކެން. ހައްތަހާ ވެސް ފެންނަނީ މިއަދު ނުކުމެގެން އެ ދިޔަ އަންހެންކުއްޖާ ގޮވައިގެން އުޅޭތަން. ރޭޝްމާ، ފެންނަ ފެނުމަށް އަހަންނަކީ ކާމިޔާބު މީހެއް، މަޝްހޫރު ޢާއިލާއެއް، ބޮޑު ވިޔަފާރިވެރިއެއް. އެކަމަކު ހަޤީޤަތަކީ ދިރިއުޅުމުގައި އަހަންނަށް އެއްވެސް ކާމިޔާބެއްނުލިބުނުކަން. އަހަރެން ދުވަހަކު ވެސް މީހަކާ ނީންނަން. ރޭޝްމާ ވިސްނާލީމާ ވެސް އެނގޭނެހެން ހީވަނީ އަހަރެން ކަހަލަ މީހަކަށް އިންނާނެ މީހުން ނުލިބިއެއް ނުހުންނާނެކަން. ދުރުން މީހާ ފެންނަ ގޮތާއި ކައިރިއަށް އައުމުން އޭނާ ފެންނަގޮތް ވަރަށް ތަފާތުވާނެ. ހަކުރު ވެސް ލޮނުހެން ފެނެއެއްނު. ޔަޤީންވަނީ އޭގެ ރަހަ އެނގޭ ހިސާބުން. އެހެންވެ މިބުނީ. އަހަންނަކީ ފަހަރެއްގައި ރޭޝްމާ ތި ހީކުރާ ކަހަލަ މީހަކަށް ނުވެދާނެއޭ. ނުބައި ނިޔަތެއް އަހަރެންގެ ނެތް… އެއްފަހަރު ނަމަވެސް އަހަރެންގެ ވާހަކައަށް އިތުބާރުކޮށްފާނަންތަ؟ ފަހަރެއްގައި އަހަންނަށް ފުރުޞަތެއް ދެނިކޮށް އަހަރެންގެ ފަރާތުން ރޭޝްމާއަށް ކަމުދާ ސިފަތަކެއް ފެނި ވެސް ދާނެ. މިކަމާ އެއްޗެއް ބުނެބަލަ. ރޭޝްމާގެ ހަޔާތުގައި އިތުރުމީހަކުވާނަމަ އެކަން ވެސް އަހަންނަށް ބުނެދީބަލަ”
“ތަހުސީނު ހީކުރާހާ އެންމެންގެ ދިރިއުޅުން ސާދާއެއްނޫން. އެހެންނޫނަސް އަހަންނެއް ނުވިސްނަން ދިރިއުޅެމެއް ފަށާކަށް” ރޭޝްމާގެ މި ޖުމްލަތަކުން ތަހުސީނަށް ބަލަން އިނދެވުނީއެވެ. އަލުން ދިރިއުޅުމެއް ފަށަށް ރޭޝްމާ ބޭނުންނުވަނީކަމުގައި ހީވެފައެވެ.
“ކޮންމެ ފަހަރަކު ދިރުއުޅުން ތިމާ ގެންދާނީ އެއްމަންޒިލަކާ ހަމައަކަށްނޫން. ރޭޝްމާގެ ހަޔާތުގައި މިވަގުތަށް ބައިވެރިއަކުނެތްކަން އަހަންނަށް ތި ވާހަކަތަކުން އެނގިއްޖެ. އަދި ދިރިއުޅުން ދެކެ ފޫހިވެފައި ހުރިހެން ވެސް ހީވޭ”
ދެ މީހުންގެ ދެމެދަށް ހިމޭންކަން ވެރިވެފައި ވަނިކޮށް ދެ މީހުން ވެސް ސިއްސައިގެން ދިޔައީ ފަޒާގައި އެނބުރެމުން ދިޔަ ބާރުވައިރޯޅިތަކުން ސިޓިންރޫމު ކުޑަދޮރުތަކުގެ ދޮރުފޮތީގައި ވައިއަޅާލުމާއެކު ކިޔައިގެން ދިޔަ އަޑުފަށްގަނޑުންނެވެ. ބާރުތޫފާނެއް އަންނަންއުޅޭކަމުގެ އިޝާރާތް އެ ދޮރުފޮތިތައް މެދުވެރިކޮށް ވައިރޯޅިތައް ހަނާއަޅަމުންދާ ކަހަލައެވެ. އަވަސްއަވަހަށް ރޭޝްމާ ތެދުވެގެން އައިސް ހުޅުވާފައި ހުރި ތިން ކުޑަދޮރުލައްޕާލާފައި ދޮރުފޮތިތައް ދަމާ ނިވާކޮށްލައިފިއެވެ.
“ވާރޭވެހެން އެއުޅެނީ. އިހަށް ތަހުސީނު މިގެއިން ދޭ” ރޭޝްމާ އައިސް ތަހުސީނު އިށީނދެ އިން ސޯފާގެ ކޮޅުގައި މަޑުކޮށްލަމުން މަޑުމަޑުން ބުނެލިއެވެ. އިސްޖަހާލައިގެން ހުރިއިރު ހީވަނީ ތަހުސީނާ ހަތަރުކަޅި ހަމަކުރަން ވެސް ބޭނުންނުވެފައި ހުރި ހެންނެވެ.
“މިއަދު މިގެއިން ނުކުމެގެން އަހަރެން ދިއުމުން ދެން ނޭނގެ ރޭޝްމާއާ ބައްދަލުވާނޭކަމެއް ވެސް. ރަޙުމަތްތެރިންނަށް ވެސް އަހަރުމެން ދެމީހުންނަށް ނުވެވޭނެތަ؟ މިހެން ރޭޝްމާގެ ފަހަތުން ދުވެ އާދޭސްކުރުމަކީ މިހާރު އަހަރެންގެ އުމުރާ ވެސް ގުޅޭކަމެއްނޫން. ޒުވާންކަމުގެ އެ ދުވަސް ހިނގައްޖެ. ހަޔާތަށް ބޭނުންވަނީ ރަނގަޅު ބައިވެރިއަކު. އަހަންނަށް ހުރިހާ ވަގުތަކު އެއްބާރުލުންދީ އެހީތެރިވެދޭނޭ އެކުވެރިއަކު. މި ވަގުތީ ތަނާ ވަކިވެގެން ދާއިރު ރަނގަޅު ދިރިއުޅުމެއް އުޅެން މަސައްކަތްކުރި މީހަކަށްވާން ބޭނުން”
ތަހުސީނުގެ ވާހަކަތަކުން މީގެ ކުރިން ރޭޝްމާގެ ހިތަށް ނުކުރެވޭ އިހުސާސްތަކެއް ކުރެވުނެވެ. ފިރިހެނެއްގެ ފަރާތުން އޭނާއަށް އިއްޒަތާއި ޤަދަރަކީ ދުވަހަކު ވެސް ލިބޭނޭއެއްޗެއް ނޫންކަމުގައި ރޭޝްމާ ޤަބޫލުކުރެއެވެ. އެހެންނަމަވެސް ތަހުސީނުގެ ވާހަކަތަކުގައި އޮޅުވާލުމެއް ނުވާކަން ޚުދު ރޭޝްމާގެ ހިތް ވެސް އެއްބަސްވިއެވެ. މި ނޫނީ އެމީހެއްގެ ހަޔާތުގެ ބައިވެރިއަކަށް ރޭޝްމާ ހެދުމުގެ ބޭނުމުގައި އެއްވެސް ފިރިހެނަކު އޭނާގެ ގާތަށް އައިސްފައެއްނުވެއެވެ. މިހާތަނަށް އޭނާއަކީ ފިރިހެނުން އިސްތިޢުމާލުކޮށްލާފައި އެއްފަރާތްކޮށްލާ އެއްވެސް އަގެއްނެތް މީހެކެވެ. ހަޤީޤީ ދިރިއުޅުމާމެދު ވިސްނުން ދޫކޮށްލީ އޭނާ ފަދަ އަންހެނަކަށް ތެދުވެރި ވަފާތެރި ބައިވެރިއަކު ލިބުމަކީ މި ދުނިޔެމަތިން ވާނޭކަމެއް ނޫންކަން ޤަބޫލުކުރެވިގެންނެވެ. ހިތަށް ކުރަމުން ދިޔަ އަސަރުގައި މަޑުމަޑުން ރޭޝްމާގެ ދެލޮލުން ކަރުނަ ނިރާލިއެވެ. ތަހުސީނަށް ފުރަގަސްދީ އެއްއަތުގެ ނުފުށުން ނިކަން އަވަހަށް ރޭޝްމާ ލޯ ފުހެލިއެވެ.
“އެހެން އިންސާނަކާ މެދު ހިތުގައި ޚާއްޞަކަމެއް އުފެދެނީ އޭނާގެ ފަރާތުން ތިމާ ހިތް އެދޭ ކަންތައްތަކެއް ފެނިގެންނޭ ބުނޭ. އަހަންނަށް ރޭޝްމާ ފެނުމުން ތި ސޫރަ ޚާއްޞަވީ. ތެދެއްބުނަންތަ؟ އަހަންނަކީ އަލިފެއްނޫން… މި ބުނި އެއްޗެއް އެނގިއްޖެ ދޯ. އަހަރެންގެ ޅައުމުރުގައި ހަނދާންނުނެތޭވަރުގެ ކަމެއް އަހަންނަށްވަނީ ކުރެވިފައި. އެއީ ދުވަހަކު ވެސް ހަނދާންނައްތާލަން ބޭނުންވާނޭ ކަމެއްނޫން. އެ ދުވަސްތައްމަތިން ވަކިން ބޮޑަށް ހަނދާންވި ރޭޝްމާއާ ބައްދަލުވީފަހުން. ދުނިޔޭގެ ދުވަސްތައް އަނބުރާ އިޔާދަކުރެވޭނެނަމަ އަހަރެން މާޒީގެ އެދުވަސްތަކަށް އެނބުރިދާން ބޭނުން. ކުރެވުނު ކަންތައްތައް އިސްލާހުކުރަން ބޭނުން. އެކަމަކު އެހެންވާނީ ކިހިނެއް ދޯ… އެހެންވެ ބުނަނީ މާޒީގައި ދިރިއުޅެގެން މީހާއަށް ކުރިއަކަށް ނުދެވޭނެއޭ. ކުރިމަތިން ފެންނަން މަގު އޮތަސް އެ މަގުން ހިނގާކަށް ތިމާއަކަށް ނޭނގޭނެއޭ”
ތަހުސީނު އިންތަނުން ތެދުވިކަން އެނގުމާއެކު ރޭޝްމާ އެނބުރި އޭނާއަށް ބަލާލިއެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. ތަހުސީނުގެ ދެ ލޮލުން ފެންނަ ހަޤީޤަތާ ކުރިމަތިލާނެހާ ހިތްވަރެއް ރޭޝްމާގެ ނެތެވެ. ނަޒަރުވަކިކޮށްލުމާއެކު އައިސް ސިޓިންރޫމުގެ ދޮރުކަނީގައި ހިފަހައްޓާލަމުން ދެބުމަ ކައިރިކޮށްލިއެވެ.
“އަހަރެންގެ ވާހަކަތައް ތަހުސީނަށް ކިޔައިދޭނީ ކިހިނެއް. ކޮން ދުލަކުން… ތި ދައްކާ ހުރިހާ ވާހަކައެއްގައި ތެދުވެރިކަން ވިޔަސް އަހަރެންގެ ހަޤީޤަތް އެނގުމާއެކު ތަހުސީނަށް ވެސް އެ ވާހަކަތައް އަޑުއަހާކަށް ކެތެއްނުވާނެ. އަދި މިހާރު ތި ވިސްނާ ވިސްނުން ވެސް ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭ ބަދަލުވެގެން ހިނގައިދާނެ. ދުވަހަކު ވެސް ދިރިއުޅުމެއް ފަށަން އަހަރެން ބޭނުންނުވަނީ އެހެންވެ” ދެ ތުންފަތްޖައްސާ ބާރުކޮށްލައިގެން ހުރި ރޭޝްމާގެ ޟަމީރު ވާހަކަދައްކަމުން ދިޔައެވެ. ނަމަވެސް އެ އަޑު ތަހުސީނުގެ ކަންފަތާ ހަމައަކަށް ނުފޯރިއެވެ.
ރޭޝްމާއާ ގާތަށް ތަހުސީނު އަޅަންފެށި ފިޔަވަޅުތައް މަޑުޖެހުނީ ކުއްލިއަކަށް އޮއްސާލި ވާރޭގެ ތިކިތަކުގެ އަޑުއިވިފައެވެ. އޭރު ވެސް ރޭޝްމާ ހުރި ތަނުން ގުޑި ވެސް ނުލިއެވެ. އޭނާގެ ގާތަށް ދިއުމަށް ތަހުސީނަށް ޖެހުނީ އެހެންވެއެވެ. ދެ ޖީބަށް އަތްތިލަ ކޮށްޕާލައިގެން ހުރެ ކައިރިކައިރީގައި އަޅަމުން ދިޔަ ފިޔަވަޅުތަކުން ތަހުސީނު އައިސް ރޭޝްމާ ހުރި ފަޅިނޫން އަނެއްފަޅީގައި ދޮރުކަނީގައި ލެނގިލަމުން މަޑުކޮށްލިއެވެ. އަދި ވެހެމުންދިޔަ ބޯވާރޭއަށް ނަޒަރު ހުއްޓާލިއެވެ.
“ރޭޝްމާ…” މާނަ ފުން ގޮތަކަށް ތަހުސީނަށް ބުނެލެވުނެވެ.
“ތަހުސީނަށް ދޭނެ އެއްވެސް ޖަވާބެއް އަހަރެންގެ އަތަކުނެތް. އަހަންނާ ބެހޭގޮތުން ތަހުސީނަށް އެކައްޗެއް ވެސް ނޭނގޭ. އަހަރުމެން ދެމީހުންނަކީ އެންމެ އެކަށީގެންވާ ދެމީހުނެއްނޫން. ތަހުސީނުގެ އަބުރާ އިއްޒަތަށް ވިސްނާނަމަ ތިޔަކަހަލަ ވާހަކައެއްނުދައްކާނެ”
“އަބުރާ އިއްޒަތާ، މި މުއްސަނދިކަމުން އަހަންނަށް ފައިދާއެއްނުކުރި. ކާކުބުނީ ވަކި ފެންވަރެއްގެ މީހަކާއޭ އަހަންނާ ގުޅޭނީ… އަހަންނަށް އެނގޭނީ އަހަރެންގެ ދިރިއުޅުމަށް ގެންނާނޭމީހަކު. އެއީ ކިތަންމެ ވިޔާނުދާ އަންހެނަކަށްވިޔަސް. އެމީހެއްގެ އަބުރުގެއްލިފައިވާ އަންހެނަކަށްވިޔަސް، އަދި އެއީ ނިކަމެތި ފަގީރަކަށްވިޔަސް… އަހަރެން ގުޅޭނެ މީހަކު އެނގޭނީ އަހަންނަށް. ދެ އިންސާނުން އެކަކު އަނެކަކަށް ކަމުދާނަމަ އެ ދެމީހުން ގުޅުމަށް ހުރަސް އަޅާނޭ ތިންވަނަ މީހަކު ހުރެގެން ނުވާނެ”
“ތަހުސީނު ޕްލީޒް…”
“އަހަރެން ވެސް އާދޭސްކުރަމޭ. ރޭޝްމާއަށް އަހަރެން ކުރާ އާދޭހުގެ އަޑެއް ނީވޭތަ؟ އެކުވެރިއެއްގެ ގޮތުގައި ވެސް އަހަރެން ކަމުނުދަނީތަ؟”
ރޭޝްމާ އާއި ތަހުސީނުގެ ދެމެދުގައި ދެކެވެމުންދިޔަ ވާހަކައަށް އެއްވެސް ކުރިއެރުމެއް ނައެވެ. ތަހުސީނު ބޭނުންވި ޖަވާބެއް ރޭޝްމާގެ ފަރާތުން ނުލިބުމުންނެވެ. ރޭޝްމާގެ ޟަމީރު ފުރަތަމަ ފަހަރަށް ކަމަކަށް ގޮވާލުމުން ވެސް ހިތުގައިވާ އެއްޗެއް ހާމަކުރަން އޭނާ ބިރުގަތީއެވެ. ކުރެވިފައި ހުރި ކަންތައްތައް އޭނާގެ ޟަމީރު ވަށާލުމުންނެވެ. ހުރިހާ ހަޤީޤަތެއް އެނގުމުން ތަހުސީނު ކަންތައްކުރާނޭ ގޮތެއް ނޭނގި އެކަމާ ޖެހިލުންވީ ވަރުންނެވެ.
ނާޒިލު އާއިއެކު ދުވަމުން އައިސް ގޭގެ ދޮރޯށި ހުޅުވާލާފައި ޒޫރިން ވަނެވެ. އެއާއެކު ވާރޭގެ ތެރޭގައި ހުއްޓުން އެރީ ސިޓިންރޫމު ދޮރުމަތީގައި ތިބި ތަހުސީނާއި ރޭޝްމާ ފެނިފައެވެ. ޒޫރިންގެ ފަހަތުންވަން ނާޒިލު ވެސް ހައިރާންވެފައި ބަލާލީ އެ ދެމީހުންނަށެވެ. ރޭޝްމާ އަވަސް އަވަހަށް އެތެރެއަށް ވަނުމާއެކު ޒޫރިން އާއި ނާޒިލު އައިސް ސިޓިންރޫމަށް ވަނެވެ.
“އަޅުގަނޑު މިދަނީ ކޮޓަރިއަށް” ޒޫރިން ނިކަން އަވަހަށް މިހެން ބުނެލައި ސިޑިއާ ދިމާއަށް ހަލުވިކޮށް ދިޔައެވެ.
“ރީން. ބަލައިގެން… ކައްސާލަފާނެ” ކުޑަކޮށް ތެމިފައި ހުރި ޒޫރިން ދިޔަލެއް ހަލުވިކަން ފެނިފައި ރޭޝްމާގެ ދެލޯބޮޑުވިއެވެ. އަނެއްކޮޅުން ތަހުސީނު އެގެއިން ފެނުމުން ޒޫރިން ވިސްނާނެގޮތެއް ނޭނގޭތީ އެކަމާ ވެސް ރޭޝްމާ ކަންބޮޑުވިއެވެ.
ތަހުސީނަށް ބަލާލާފައި އެނބުރި ރޭޝްމާއަށް ނާޒިލު ބަލާލިއެވެ. އެއާއެކު ރޭޝްމާ ސޯފާގައި އިށީނދެ އިން ތަހުސީނު ނާޒިލަށް ތަޢާރަފުކޮށްދިނެވެ. ނާޒިލަށް އެއްޗެއް ވިސްނުނީހެން ހީވިއެވެ. އޭނާ އެތަނުގައި މަޑުކުރާކަށް ނުހެދިއެވެ. ދޮރުމަތީގައި ކާރުބާއްވާފައި އޮތްކަމަށްބުނެ ނާޒިލު ނުކުމެގެން ދިޔައެވެ.
“އެ ދިޔައީ ރޭޝްމާގެ ދަރިއެއްތަ؟” ނާޒިލު ނުކުމެގެން ދިއުމުން ރޭޝްމާ ބުނާނޭ އެއްޗެއް ނޭނގިފައި ހުއްޓާ ސިޑިން އަރައިގެން ދިޔަ ޒޫރިންއަށް އަމާޒުކޮށް ތަހުސީނު އަހާލިއެވެ. އެއާއެކު ވަކިން ހުރި ގޮނޑީގައި ރޭޝްމާ އައިސް އިށީނދެ މަޑުމަޑުން ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.
“ރޭޝްމާ އެ އަންހެންކުއްޖާދެކެ ލޯބިވާވަރު ފެނިފައި އަހަންނަށް ހީވީ އެއީ ދަރިއެއްހެން. ރޭޝްމާގެ އުމުރުން ވަރަށް ޅައިރު ހެން ހީވަނީ ދަރިއަކު ލިބުނީ. އެހެންވެތަ ދިރިއުޅުމެއް ފަށަން ބޭނުންނުވަނީ. އަހަންނަށް ޔަޤީން ރޭޝްމާއަށް ވަރަށް ބޮޑުކަމެއް ދިމާވެފައި ތިހުރީ. އެކަމަކު ބުނަންތަ. ކޮންމެ މީހެއްގެ ވެސް މާޒީއެއް އޮންނާނެ. އަހަރެން އެ މާޒީ އޮޅުން ފިލުވާކަށް ބޭނުމެއްނޫން. އެ މާޒީގައި ކަންތައްވެފައި އޮތްގޮތް ބަލާކަށް ބޭނުމެއްނޫން. އެކަމަކު އެ ވާހަކަތައް ކިޔައިދޭން ބޭނުންވެއްޖެނަމަ އަޑުއަހާނަން. ކޮންމެ އިންސާނަކަށް ވެސް ދެވަނަ ފުރުޞަތެއް ލިބުމުން އެ ފުރުޞަތުގެ ބޭނުންހިފަންވާނެ. އަހަރެންގެ ވެސް މާޒީއެއް އެބައޮތް. އެއީ ވަރަށް ހިތި މާޒީއެއް. އެ ވާހަކަތައް ރޭޝްމާއާ ޚިއްޞާކުރަން ބޭނުން. އެކަމަކު ރޭޝްމާ އަހަންނަށް އިތުބާރުކުރި ދުވަހަކުން… އެއީ ކޮންމެ ކޮންމެ މީހެއްގެ ގާތުގައި އަހަރެން ދައްކާނޭ ވާހަކައެއްނޫންވީމާ… ކުރިން ވެސް އަހަރެންގެ ނަންބަރު ރޭޝްމާއަށް ދިނިން. އެއީ ކޮށްލި ސަމާސާއެއްނޫން. މިފަހަރު ވެސް މިދަނީ އަހަރެންގެ ނަންބަރު ރޭޝްމާއަށް ދީފައި. އެކުވެރިއަކަށް ވިޔަސް ބޭނުންޖެހިއްޖެނަމަ ގުޅާނޭކަމަށް އުންމީދުކުރަން…” ތަހުސީނު ތެދުވެ ސޯފާތަކުގެ މެދުގައި ހުރި ކުޑަމޭޒުގެ މަތީ އޭނާގެ އެޑްރެސްކާޑު ބާއްވާލުމާއެކު ބޯކޮށް ވެހެމުން ދިޔަ ވާރޭއަށް ބެލުމެއްނެތި ނުކުމެގެން ހިނގައްޖެއެވެ.
ހެދުން ބަދަލުކޮށްލައިގެން ފަންކާގެ ކައިރީ ތެމިފައިވާ އިސްތަށިގަނޑު ނިއުޅާލައިގެން ހިއްކާލުމަށް ހުރި ޒޫރިން އޭނާގެ ފޯނަށް ބަލަމުން ދިޔައެވެ. ވައިބަރ ހުޅުވާލައިގެން އޭނާ އެހެން ހުންނަތާ އިރުކޮޅެއްވެއްޖެއެވެ. އީތަންގެ ފަރާތުން އެންމެ މެސެޖެއް ވެސް ރޭގައި ނުކުމެގެން ދިޔަފަހުން ނާދެއެވެ. އޭނާ ދެން ނައިސްދާނޭތީވެ ޒޫރިންގެ ހިތް ބިރުގަންނަނީއެވެ. އަލުން އަތުވެއްޖެނަމަ ދެން ކަންތައްކުރާނީ ވެސް ކިހިނެއްކަމެއް ޒޫރިންގެ ވިސްނުމަކަށް ނައެވެ. ވިސްނަވިސްނާފައި އެންމެފަހުން ޒޫރިން މެސެޖެއް ފޮނުވާލައިފިއެވެ. އާދައިގެ މަތިން އެހެން ދުވަސްދުވަހު ވެސް ފޮނުވާލާ ކަހަލަ ހެއްވާ މަޖާ ޖޯކެއް ލިޔެލާފައެވެ.
ފޮނުވާލި މެސެޖަށް ޖަވާބު ލިބޭތޯ އިރުކޮޅަކު ފޯނަށް ބަލަހައްޓައިގެން ޒޫރިން ހުއްޓެވެ. އެހެން ހުއްޓާ ކުއްލިއަކަށް ކޮޓަރީގެ ދޮރު މީހަކު ހުޅުވާލުމާއެކު ފޯނުގެ އިސްކުރީނު ނިއްވާލާފައި ދޮރާ ދިމާއަށް އެނބުރުނެވެ.
“ސައިބޯންވީނު” ދޮރުމަތީ ހުރެ ރޭޝްމާ މިހެން ބުނިއިރު އޭނާގެ މޫނުމަތިން ހާސްކަމެއް ފެންނަމުން ދިޔައެވެ.
“އެހާ ބަނޑުހައެއްނޫން. ރޭގަނޑު ކާގަޑި ޖެހޭކަށް މާގިނައިރުތަކެއް ވެސް ނެތެއްނު” ޒޫރިން ބުނެލިއެވެ.
“މަންމާ… ވާހަކައެއް އަހާލަންތަ؟”
“މަންމައަށް އެނގޭ ތިއަހަންއުޅޭ އެއްޗެއް. އެ މީހާ މިގެއަށް އައީ ކީއްވެތޯ އަހަންތަ ތިއުޅެނީ” ރޭޝްމާ ފަރުވާތެރިކަމާއެކު ދަރިފުޅުގެ މޫނަށް ބަލަންހުއްޓެވެ.
“ދެން އެކަމާ ގުޅުން ހުރި ވާހަކައެއް… މަންމާ! މަންމަ މެރީނުކުރަން ތިހުންނަނީ އަޅުގަނޑާ ހެދިތަ؟”
“މިހާރު ދެން މެރީ ކުރަންވީ ކީއްކުރަން” ރޭޝްމާ ސަމާސާކަން އެކުލެވިފައިވާ ގޮތަކަށް މިހެން ބުނެލަމުން އައިސް ޒޫރިންގެ އެނދުގައި އިށީނެވެ.
“އެއީ ދޯ ގިފްޓު ފޮނުވި މީހަކީ. ހީވަނީ ވަރަށް ރަނގަޅު މީހެއްހެން. އައި ތިންކް… މަންމަ އޭނާއާ ވާހަކަދައްކަން ރަނގަޅު ކަންނޭނގެ. މަންމަ ވެސް ލޯންލީ ވާނެކަން އަޅުގަނޑަށް އެނގޭ. މަންމަ ހީކުރާހާ އަދި މުސްކުޅިއެއް ވެސް ނުވޭ. މިހާރު އަޅުގަނޑު މިހިރީ ބޮޑުވެފައި. އެކަނި ހުރިހާ ކަމެއް ކުރެވޭވަރުވެފައި. އެހެންވީމަ އަޅުގަނޑާ މެދު މަންމަ މިހާރު ކަންބޮޑުވާކަށް ނުޖެހޭނެއެއްނު. އަދި ނިއު ލައިފެއް ފެށުމުން މަންމަގެ ލައިފް ވެސް ތިހާ އެކަނިވެރިއެއްނުވާނެ ދޯ…. އަސްލު އަޅުގަނޑަށް މިހާރު ހުރިހާ ކަމެއް ވެސް ވިސްނޭ. އެކަނި ނޫޅެވޭނެކަމާ. ލައިފްގެ ކޮންމެވެސް ހިސާބަކުން ޕާޓްނަރަކަށް ބޭނުންވާނެކަން. ޕްލީޒް މަންމާ. އަޅުގަނޑު ވެސް އުފާވާނެ މަންމަ ވަރަށް ހެޕީ ލައިފެއް އުޅޭތަން ފެނުމުން”
“ރީން ތިހާ ބޮޑުވިކަމެއް މަންމައަކަށް ކުރިއަކުން ނޭނގޭ. ދިރިއުޅުމުގެ ކަންކަމާމެދު ރީން ހާދަ ވިސްނާހެން މަންމައަށް ހީވެއޭ”
“އަޅުގަނޑު ނޫނީ މަންމައަށް ހިތްވަރުދޭން ހުރީ ކާކު. އަޅުގަނޑު އަބަދުވެސް މަންމައާއެކު ހުންނާނަން”
ޒޫރިން ނިކަން ލޯބިން އައިސް އެނދުގައި ރޭޝްމާގެ ގާތުގައި އިށީނދެ އޭނާގެ ގައިގާ ބައްދާލިއެވެ. އެއާއެކު ރޭޝްމާ ވެސް ދަރިފުޅުގެ ގައިގާ ފިރުމާލަމުން ހިނިތުންވެލިއެވެ. އޭރު އޭނާގެ ހިތަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއްވަނީ ލިބިފައެވެ. ޒޫރިންގެ ވާހަކަތަކުން ކުރިން ނުލިބޭ ހިތްވަރެއް ހަޤީޤަތުގައި ވެސް ރޭޝްމާއަށް ލިބިއްޖެއެވެ. ލޯ މަރާލަމުން ދަރިފުޅުގެ ބޮލުގައި ރޭޝްމާ ބޯ ޖައްސާލިއެވެ.
“މަންމަގެ ހުރިހާ ވެސް މީހަކީތީ. ރީންއަށްވުރެ މަންމަ ލޯބިވާނެ އެހެން މީހަކު މި ދުނިޔެއަކު ނުހުންނާނެ. ދަރިފުޅަށް ކަމެއްވެއްޖެއްޔާ މަންމަގެ ހިތް ވެސް ހުއްޓިދާނެ”
“ޑޯންޓްވޮރީ. އަޅުގަނޑަށް އެއްވެސް ކަމެއްނުވާނެ” ޒޫރިން ހީނލިއެވެ.
އެނދުގެ ހުރަހަށް އޮށޯވެލައިގެން އޮތް އީތަންގެ ނަޒަރު ހުއްޓިފައި ވަނީ އޭނާ ދެއަތުން ހިފަހައްޓާލައިގެން އޮތް ފޯނުގެ އިސްކުރީނަށެވެ. ޒޫރިންގެ މެސެޖު ކިޔާލުމާއެކު ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ނަމަވެސް އެ ހިނިތުންވުން އެހާމެ އަވަހަށް ފިލައިގެން ހިނގައްޖެއެވެ. ޖަވާބުގައި ލިޔާނޭ އެއްޗެއް ނޭނގިފައި އީތަންއަށް އޮވެވުނީއެވެ. ދެތިން ފަހަރަށް އެއްޗެއް ލިޔެލާފައި ފޮހެލައިފިއެވެ. އެހެން އޮވެއޮވެފައި އެންމެފަހުން ވައިބަރގައި ހުރި ސްޓިކަރތަކުން ހެވިފައި އިން މޫނެއް ޒޫރިންއަށް ފޮނުވާލިއެވެ. އޭނާގެ ޖަވާބެއް ލިބުމާއެކު ވަގުތުން ޒޫރިން ރައްދު ދޭނެކަމުގައި އީތަންއަށް ހީވިއެވެ. އެހެންނަމަވެސް އިތުރު މެސެޖެއް ފޯނަކަށް ނައެވެ. އެއާއެކު މޭމަތީ ފޯނު ބާއްވާލި ގޮތަށް ނިތުގައި އެއްއަތް ބާއްވާލައިގެން ޚިޔާލުތަކުގެ ތެރެއަށް ނަފްސު ދޫކޮށްލައިގެން އޮތެވެ. އެހެންއޮއްވާ ރާބިއާ ގޮވާލި އަޑުއިވުނެވެ. އަވަހަށް ތެދުވެގެން އައިސް އީތަން ކޮޓަރީގެ ދޮރުހުޅުވާލިއެވެ.
“އިރުއޮއްސޭއިރު ނިދުން އީތަން އާދައަކަށް ހަދައިފި. ތިހެން ނޯވެ މިސްކިތަށް ދާންވީނު. މަޤުރިބު ނަމާދު ޖަމާއަތުގައި ނުކުރެވުނަސް. އިޝާ ނަމާދުގައި ބައިވެރި ވެވޭނެއެއްނު. އައިދަން ވެސް ބައްޕައާއެކު ހިނގައްޖެ މިސްކިތަށް. ނަމާދަށް ތިޔަހެން ފަރުވާކުޑަ ނުކުރާށޭ މާމަ ނުބުނަންތަ. ދެ ނަމާދު ދޭތެރޭ މިސްކިތުގައި އިނދެ ޤުރުއާން ކިޔަވާލާ ހަދާލަންވާނެ. ހުރިހާ ވަގުތަކު ހަތިމު އަތަށްލައިގެން އިންނާށޭ މާމައެއް ނުބުނަން. ދެން ދޭ ތައްޔާރުވާން. ގެއިން ވުޟޫކޮށްލައިގެން ނުކުންނާތި” ރާބިއާގެ ވާހަކަތައް އަޑުއަހަން ހުރެފައި އީތަން ބޯޖަހާލިއެވެ.
ސިޓިން ރޫމުގައި އީތަން ހަދާގޮތެއް ބަލަން ރާބިއާ އިނެވެ. އޭރު އޭނާ އިނީ ހަތިމު ހިފައިގެން ކިޔަވާށެވެ. ގިނައިރުތަކެއްނުވެ ސިޓިންރޫމު ދޮރުން ނުކުންނަން ދިޔަ އީތަން ރާބިއާއަށް ފެނި ހިތްހަމަޖެހުމުގެ ހިނިތުންވުމަކުން ހިނިތުންވެލިތަން ފެނުނެވެ. އަދި ސޯފާއިން ތެދުވެ އެނބުރި ކޮޓަރިއާ ދިމާއަށް ދިއުމަށް އޭނާ ހިނގައިގަތެވެ.
ރޭގަނޑުގެ ކެއުން ނިންމާލާފައި ކޮޓަރިއަށް ވަންނަން އައި އީތަންއަށް ޝައުން ގުޅިއެވެ. އަނެއްކޮޅުން އޭނާގެ ފޯނުގައި ހުއްޓާ ޖަޒްލާ ވެސް ގުޅައިފިއެވެ. ޝައުން ގުޅާފައި ޝަކުވާ ކުރީ އީތަންގެ ޚަބަރެއް ނުވެގެންނެވެ. އާދަކޮށް އޮފީސް ނިންމާފައި ހަވީރުގަޑީގައި ކޮފީ ބުއިމަށް މާލޭގެ ކޮންމެވެސް ކެފޭއަކަށް ނުވަތަ ރެސްޓޯރެންޓަކަށް އެރުމަކީ ޝައުން އާއި އީތަން ކުރާކަމެކެވެ. ނަމަވެސް މިއަދު އޮފީހަށް ދާން ނުޖެހޭތީ އެކަމެއް ވެސް ނުވިއެވެ. އަދި ރޭގައި އީތަން އާއި ޒޫރިންގެ ދެމެދުގައި ހިނގައިދިޔަ ކަންތައްތަކަށްފަހު އީތަން ހުންނަނީ ފާޑަކަށް ގަބުވެފައެވެ. އަބަދުވެސް ޒޫރިންގެ ޚިޔާލަށް ގެއްލިފައެވެ.
ހުކުރު ދުވަސްކަމަށްވާތީ އޮފީހަށް ދާންނެތުމުން އޭނާގެ ހުރިހާ ވަގުތެއް ހޭދަކުރީ ކޮޓަރީގައެވެ. ޝައުން އެދުމުން ވެސް އޭނާއާ ބައްދަލުކުރާކަށް އީތަންއެއް ނައެވެ. އަނެއްކާ ވެސް އޭނާ އެ ގުޅީ އީތަންއަށް އެއްޗެހި ކިޔުމަށެވެ. ޗުއްޓީދުވަހެއް ލިބުމުން ވެސް ގޭގައި އީތަން އޮންނާތީއެވެ. ހަމަ އެއާއެކު އީތަން ވަނީ ޖަޒްލާއާ ބައްދަލުކުރާނަން ކަމަށް ވެސް ވަޢުދުވެފައެވެ. އޭނާއަށް އެކަމެއް ވެސް ނުވިއެވެ. އެންމެފަހުން ބޮލަށް އުނދަގޫވެގެން ފޯނު ނިއްވާލާފައި އެނދުމައްޗަށް އީތަން ވެއްޓިގަތެވެ.
“އައި ނީޑް ޓު ސްލީޕް” ނިތްކުރީގައި ދެއަތުގެ އިނގިލިތައް ޖައްސާ އޮބާލަމުން އީތަން ބުނެލިއެވެ.
ނިތްކުރިން އަތްނެގުމާއެކު ރުޅިވެރި ގޮތަކަށް ޖަޒްލާ ހަޅޭލަވައިގަތެވެ. އަދި ދެފައި ތަޅައިގަތުމާއެކު ކުދިކިޔަން ފެށިއެވެ. އަތުގައި އޮތް ފޯނަށް ބަލާލަމުން އަނެއްކާ ވެސް އީތަންއަށް ގުޅިއެވެ.
“ހަމަ ގަސްދުގަ އެ ފޯނު ނިއްވާލީ. މިއަދު ހަތަރުދަން ހުސްވެގެންދާއިރު އެންމެ ފަހަރަކު ވެސް ގުޅާލަން އެނގުނީއެއްނޫން. ކުޑަމިނުން މެސެޖެއް ވެސް ކޮށްނުލި. އަހަރެން ދިރިހުރިތޯ މަރުވީތޯ ވެސް ބަލާލަން ނޭނގުނު… ދިސް އިޒް ޓޫ މަޗް އީތަން… ޓޫ މަޗް…” ޖަޒްލާ އެކަނިމާއެކަނި ހުރެ ކޮޓަރިތެރޭ ހަޅޭލަވަމުން ދިޔައެވެ.
“ޔަފާ. ތީނަ ކޮބާ؟” އައިސްފައި ހުރި ރުޅިއާއެކު ފޯނުން މީހަކަށް ގުޅުމަށްފަހު ޖަޒްލާ ބުނެލިއެވެ.
“ސާބަސް ޖޭޒް. މަށަށް ކޮންވަރެއްތި ބާލަނީ. އަހަރެންގެ މަތިން ހަނދާންވެއްޖެ ދޯ”
“ހިނގާބަލަ ބޭރަށް. އަހަރެން އެބަދަން ބަލާ” ޔަފާ ބުނިއެއްޗަކުން ޖަޒްލާގެ އަޑުގެ ބާރުމިން ދަށްކޮށްލިއެވެ.
“އާދެބަލަ. އެކަމަކު އަހަންނާ ނިހާލު މިރޭ މީޓުކުރަން. އެހެންވީމަ އެގާރައިގެ ކުރިން ގެއަށް އަންނަންވާނެ”
“ހޫން! ވަރިހަމައޭ… އެގާރަޖަހަން އަދި އެބަހުއްޓެއްނު ލައްކައިރު”
ޖަޒްލާ ފޯނު ބާއްވާފައި ލައިގެން ހުރި ޓޮޕުކޮޅު ބާލާ އެނދުމައްޗަށް އެއްލާލިއެވެ. އަދި އަލަމާރިތެރެއިން ޓީޝާޓުކޮޅެއް ނަގައި ގަޔަށް ހެޔޮވަރުކޮށްލިއެވެ. ލޯގަނޑު ކުރިމަތީ ހުއްޓި ތުންފަތުގައި ލިޕްސްޓިކު ޖައްސާލުމަށްފަހު ސެންޓުފުޅި ނަގާ ގައިގެ ޚާއްޞަ ތަންތަނަށް ޖަހާލިއެވެ. ހަތައެއްހެން އޮތް އިސްތަށިގަނޑު އަތަށް އޮޅާލުމާއެކު ދައްޗަކުން ހަރުކޮށްލިއެވެ. އެއާއެކު ޖަޒްލާގެ ދޮންމޫނު ވަކިން ބޮޑަށް ފާޅުވިއެވެ. އަލަމާރިކައިރީ ހުރި ފައިވާން ކަބަޑު ހުޅުވާލުމާއެކު ތިރި ފައިވާނެއް ނަގާ އޭގެ ވާކޮޅު ދެއިނގިލިން ހިފަހައްޓާލައިގެން ކޮޓަރިން ނުކުތެވެ.
ކާރުދުއްވަމުން ދިޔަ ޖަޒްލާ ދޭތެރެއަކުން ހުންގާނު ބުރުގައި އަތުން ޖަހާލައެވެ. އަދި ދަތްކުނޑިވިކައިގަނެވެ. ކައިލަންއަށް ގުޅަން އޭނާ ވިސްނާ ފޯނުން ކައިލަންގެ ނަންބަރު ވެސް ހުޅުވިއެވެ. އެހެންނަމަވެސް މޫނު ހާދާލާފައި ޖެހިގެން ހުރި ސީޓު މައްޗަށް ފޯނު ދޫކޮށްލިއެވެ. މަގުމަތީ ދުއްވާއެއްޗެހި ގިނަކަމުން އެކަމާ ވެސް ޖަޒްލާ އިނދެގެން އެއްޗެހި ކިޔެވެ. ރަނގަޅު އެއްކަމެއް ވެސް އޭނާއަކަށް ދެނެއް މިރެއަކު ނުފެންނާނެއެވެ. ޔަފާ އުޅޭ ގޭ ދޮށަށް ކާރު މަޑުކޮށްލިއިރު އޭނާ ހުރީ ގޭޓުކައިރީ މަޑުކޮށްލައިގެންނެވެ. ޖަޒްލާއަށް އަތްހޫރާލަމުން ދުވެލާފައި އައިސް ކާރުގެ ކުރީ ސީޓުގައި ޔަފާ އަރާ އިށީނެވެ.
“ތިއޮށް މޫނެއް… މީހަކު ބިރުން ހަލާކުވާވަރުވާނެ. ކިހިނެއްތަވީ؟ ކާކު ކީކޭ ކިޔައިގެންތަ ތިހާ ރުޅިއެއް އައިސްފައި ތިއިނީ” ޔަފާ ވާހަކަދައްކަން ފެށިއެވެ. އަދި ސީޓުމަތީ އޮތް ޖަޒްލާގެ ފޯނު ނެގި ގޮތަށް އޮތީ އޭނާގެ އަތުގައެވެ.
ޔަފާއާ ދެމީހުން ކޮފީއެއް ބުއިމަށް ރެސްޓޯރެންޓަކަށް ވަނެވެ. ޖަޒްލާ ބޭނުންވި ހުރިހާ ވާހަކައެއް ޔަފާއާ ދައްކަން ބޭނުންވިޔަސް އެކަމެއް ވެސް އޭނާއަކަށް ނުވިއެވެ. ސިކުނޑީގައި އެނބުރެމުންދިޔައީ ކައިލަންއެވެ. އޭނާއާ ޚިއްޞާކުރާހެން ކޮންމެ މީހަކާ ޖަޒްލާގެ ދިރިއުޅުމުގެ ވާހަކަ ޚިއްޞާކުރުމަކީ ފަސޭހަކަމެއްނޫނެވެ. ބޭނުންވި ހިތްހަމަޖެހުން ޖަޒްލާއަށް ނުލިބުމުން އޭނާ މާގިނައިރަކު ޔަފާ ގޮވައިގެން ބޭރަކު ނޫޅުނެވެ.
ނިދަން ކޮޓަރިއަށް ވަންތަނާ ރޭޝްމާއަށް ފޯނެއް އައެވެ. އެއީ އޭނާ ގެންގުޅޭ ދެ ވަނަ ފޯނަށް އައި ކޯލެކެވެ. އިރުކޮޅަކު ފޯނަށް ބަލަން އިނދެފައި ކޯލު ކަނޑާލިއެވެ. އެވަރުން އެމީހަކު ހުއްޓައެއް ނުލިއެވެ. އަނެއްކާ ވެސް ގުޅިއެވެ.
“މި ނަންބަރުން މިހާރު ޚިދުމަތެއް ނުދެން” ރޭޝްމާ ފޯނު ނެގުމާއެކު ބުނެލިއެވެ. އަދި އަނެއްކޮޅުން ވާހަކަދައްކަނީ ކާކުތޯ ވެސް ބެލުމެއްނެތި ފޯނު ކަނޑާލިއެވެ. ނޭވާ ހިފަހައްޓާލައިގެން ކަހަލަ ގޮތަކަށް އިރުކޮޅަކު ފޯނަށް ބަލަހައްޓައިގެން ރޭޝްމާ އިނެވެ. އިތުރަށް އެމީހަކު ނުގުޅުމުން މަޑުމަޑުން ހިނިތުންވެލުމަށްފަހު ފޯނު އެނދުގެ އަރިމަތީ ކަބަޑުގައި ބޭއްވިއެވެ. އެވަގުތު ތަހުސީނު ދީފައި ދިޔަ އެޑްރެސް ކާޑު ކަބަޑުމަތީ ރޭޝްމާ ބޭއްވިގޮތަށް އޮތެވެ. އެކާޑުކޮޅު ނަގައި އެއަށް ބަލަހައްޓައިގެން ރޭޝްމާ އިންއިރު ތަހުސީނުގެ ވާހަކަތައް އަލުން އޭނާގެ ކަންފަތަށް އިވެމުން ދިޔަ ކަހަލައެވެ. ރޭޝްމާގެ އަމިއްލަ ނަފްޞަށް ޒޫރިންގެ ވާހަކަތަކުން ލިބިގެން ދިޔަ ޔަޤީންކަމާއެކު ފޯނުން މެސެޖެއް ލިޔެފައި ތަހުސީނަށް ފޮނުވާލެވުނީ ބޭއިޚްތިޔާރުގައި ކަހަލައެވެ. އަދިވެސް ތަހުސީނުގެ ޚިޔާލުތަކުން ބޭރަށް ރޭޝްމާއަށް ނުނިކުމެވެނީ ކަންނޭނގެއެވެ.
ދެކޮޅަށް ފުރޮޅެމުންދިޔަ ޒޫރިންއަށް އެއްގޮތަކަށް ވެސް ނުނިދުނެވެ. އެހެންޏާ އީތަން ވާހަކަދައްކަން ގުޅާ ގަޑި ޖެހިގެން ހިނގައްޖެއެވެ. އެގަޑި ފަހަނައަޅައި ދިޔައިރު ވެސް އޭނާގެ ޚަބަރެއްނުވުމުން ޒޫރިން މެސެޖުކުރަން ފެށިއެވެ. ނަމަވެސް ޖަވާބެއް ނުދިނެވެ. ހާސްވެފައި އީތަންގެ ފޯނަށް ގުޅާލިއިރު ފޯނު ނިއްވާލާފައި އޮތުމުން ޒޫރިންއަށް ވީގޮތް ވެސް ނޭނގުނެވެ. ދެ ލޯ ކަރުނުން ފުރިގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އީތަން އާއި ޒޫރިންގެ ދެމެދުގައި ހިނގާ ދިޔަ ކަންތަކުގެ ސަބަބުން އީތަން ދުރުވީ ކަމުގައި ޒޫރިންއަށް ހީވީއެވެ. ހިތުގައިޖެހި ޒޫރިންއަށް ރޮވެންފެށުނެވެ. ބާލީހުގައި ބާރަށް ބައްދާލުމާއެކު ރުއިމުގެ އަޑު ބާލީހުގެތެރެއަށް ހިންދާލުމަށް މަސައްކަތްކުރިއެވެ. މުޅި ރޭ ޒޫރިންގެ ހާލަކީ އެއީއެވެ. އަމިއްލަ ނަފްސު ކުއްވެރިކުރެވެން ފެށުނެވެ. އީތަންއަށް އަމިއްލަ ހަށިގަނޑު ވެދުން ކުރީ އެއީ ޒޫރިންގެ ފަރާތުން އީތަން ބޭނުންވި ކަންތައްކަމުގައި ވިސްނިގެންނެވެ.
ޒޫރިންއަށް އީތަންގެ ޚަބަރެއް ނުވާތާ ދެ ދުވަސް ވެގެން ދިޔައިރު ދެން ދުވަހަކު ވެސް އީތަންއާ ދިމާވާނޭކަމުގައި އަމިއްލަ ނަފްސަށް އޮތް ޔަޤީންކަން މުޅިން ގެއްލިއްޖެއެވެ. ފޯނު ނިއްވާލި ފަހުން އީތަންއަށް ގުޅަން ވެސް ޒޫރިންއަށް ނުކެރުނީއެވެ. އެކަމުގެ އަސަރު ޒޫރިންގެ މޫނުމަތިން ވެސް ފެންނަން ފެށިއެވެ. ރޭޝްމާ ކަންބޮޑުވުން ފާޅުކުރުމުން ކޮންމެވެސް ދޮގެއް ހަދަނީއެވެ. ނާޒިލަށް ގުޅައިގެން ވާޒިފާއަށް ނުކުންނަން ޒޫރިން ތައްޔާރުވީ ގޭގައި އެންމެ ދުވަހަކު ވެސް ނުހުންނަން ވެގެންނެވެ.
އޮފީހުގެ ފުރަތަމަ ދުވަސް ދިޔައީ ވަރަށް ބުރަކޮށެވެ. އެއަރލައިން ކޮމްޕެނީއެއްވީމާ އެތަނުގެ ސިސްޓަމްތައް ދަސްކުރުމުގައި މުޅި ދުވަސް ހޭދަވެގެން ދިޔައީއެވެ. ޓްރެއިނިންގ ދުވަސްތައް ނިމޭނީ މަހެއްފަހުންނެވެ. އޮފީހުން ދިމާވި ހުރިހާ އެންމެން ވެސް ޒޫރިންއާ ނުހަނު ގުޅެއެވެ. ހިތްހަމަޖެހޭ މާހައުލެކެވެ. އޮފީސް ނިންމާފައި ޒޫރިން ގެއަށް އައީ ނާޒިލުއާ އެކު ކާރުގައެވެ. ގެއަށް އައިއިރު ރޭޝްމާ ހުރީ ޒޫރިންގެ އިންތިޒާރުގައެވެ.
އެއްޗެހި ބަދަލުކޮށްލައިގެން ބަދިގެ ފަރާތަށް ސައިބޯން ޒޫރިން އައިއިރު ރޭޝްމާ ހުރީ ސައިތައްޔާރުކޮށްފައެވެ. މޭޒު ދޮށުގައި ޒޫރިން އިށީނުމުން ސިއްހަތަށް ފައިދާހުރި ފެހިސައިތަށްޓެއް ގެނެސް ޒޫރިން ކުރިމަތީ ރޭޝްމާ ބެހެއްޓިއެވެ. އަދި އޭނާގެ ގާތުގައި އިށީނދެ އޮފީހުގެ ކަންތައްތައް ހުރި ގޮތުގެ ވާހަކަ އަހަންފެށިއެވެ. ޒޫރިން އާއި ރޭޝްމާ ވާހަކައިގައި ތިއްބާ މޭޒުމަތީ އޮތް ޒޫރިންގެ ފޯނަށް މެސެޖެއް އައެވެ. ފަރުވާކުޑަގޮތަކަށް ފޯނަށް ބަލާލި ޒޫރިންގެ މޫނު ދިއްލިގެން ދިޔައީ ފޯނަށް އައިސްފައި އޮތީ އީތަންގެ މެސެޖެއްކަން އެނގިގެންނެވެ. އެހިނދު ޒޫރިންއަށް އެވީގޮތް ރޭޝްމާއަށް ވެސް ފާހަގަވިއެވެ.
“މިހާ އަވަހަށް ރައްޓެހިން ލިބުނީތަ؟” ރޭޝްމާ އަހާލިއެވެ.
“އެއީ ރައްޓެހިކުއްޖެއް…” ރަކިގޮތަކަށް ޒޫރިން ބުނެލިއެވެ. އަދި ރޭޝްމާ އޭނާގެ ގާތުގައި އިނުމުން ފޯނުން އަތްދޫކޮށްލާފައި ސައިބުއިން ކުރިއަށް ގެންދަން އުޅުނެވެ. ނަމަވެސް ފޯނަށް އައި މެސެޖު ނުބަލާ އެންމެ ސިކުންތެއް ވެސް ޒޫރިންއަށް ކެތްކޮށްނުލެވުނެވެ. ކެތްތެރިކަން ކުޑަވެފައިވާ މީހަކު ހެން އަވަސްއަވަހަށް މެސެޖު ހުޅުވާލިއެވެ.
“ކިހިނެއްތަ؟ ސޮރީ އިނގޭ. އަސްލު މެސެޖުތައް ފެނުނު. މިރޭ އަހަރެން ހިނގައްޖެނަމަ ބައްދަލުކުރާނަންތަ؟”
އީތަން ފޮނުވި މެސެޖު ކިޔާލުމާއެކު ޒޫރިންގެ ހިތުގެ ހިނގުން އަވަސްވިއެވެ. އެކަމަކު ރޭޝްމާގެ ނަޒަރު އޭނާގެ ހަރަކާތްތަކަށް ހުއްޓިފައި ހުންނާނޭކަން އެނގޭތީވެ ފޯނުން ވާހަކަ ކުރިއަށް ގެންދެވޭގޮތެއް ނުވިއެވެ. އެކަމަކާ ހުރެ ޒޫރިންއަށް ރަނގަޅަށް ސައި ވެސް ނުބޮވުނެވެ. ސައިޖޯޑުގައި ބާކީހުރި ސައިފޮދު އެއްނޭވާއިން ބޯލުމާއެކު ޒޫރިން ތެދުވިއެވެ.
“ކުޑަކޮށް ބޮލުގައި ރިއްސާގޮތްވެފައި ހުރީމަ އަޅުގަނޑު މިދަނީ ކޮޓަރިއަށް”
“އާން! ދޭ ނިދާލަން. އޭރުން ރަނގަޅުވެދާނެ. މިރޭ މަންމަ ބޭރަށް ދާންވެގެން މިއުޅެނީ” ރޭޝްމާ މޭޒުމަތި ސާފުކުރަމުން ބުނެލިއެވެ. އެހެންނަމަވެސް އޭނާ ބުނަން ބޭނުންވި ހަޤީޤީ ވާހަކަ ޒޫރިންއަށް އަޑުއިވުނު ހެނެއް ހިޔެއްނުވެއެވެ. ޒޫރިން ބަދިގެ ފަރާތުން ނުކުމެގެން ސިޑިއާ ދިމާއަށް އޭރު ހިނގައިގެންފިއެވެ.
“ރީންއަށް އަޑުނީވުނީކަމަށް އެ ވާނީ. އެހެންނޫންނަމަ އަހާނެ ކޮންތާކަށްތޯ ދަނީ. ފުރަތަމަ ފަހަރަށް ތަހުސީނާއެކު ބޭރަށް ނުކުންނަންވީމާ މިވަރަށް ހާސްވާންޖެހޭތަ… އެކަމަކު ވެސް މިވާގޮތެއް ނޭނގެ” ސިންކު ކައިރީ ހުރި އިރު ރޭޝްމާގެ ހިތަށް އަރަމުން ދިޔައެވެ. ތަހުސީނަށް ކުރި މެސެޖާއެކު އެ ދެމެދުގައި ރަޙުމަތްތެރިކަމުގެ ދޮރު ހުޅުވިގެން ވަނީ ގޮސްފައެވެ. މަދުމަދުން ފޯނުން ދެމީހުން ވާހަކަދައްކައެވެ. އެންމެ ފަހުން ތަހުސީނާއެކު ރޭގަނޑުގެ ކެއުމެއްގައި ބައިވެރިވުމަށް ދަޢުވަތު ދިނުމުން އެކަން ރޭޝްމާ ޤަބޫލުކުރީ ވަރަށް ވަރުންނެވެ. ގެއިން ބޭރުގައި ތަހުސީނާއެކު ފެންނަން ރޭޝްމާ ޖެހިލުންވަނީއެވެ. މާލެއަކީ ކުޑަތަނަކަށްވެފައި ގިނައީ ރޭޝްމާ ދަންނަ މީހުންނެވެ. ރަޙުމަތްތެރިކަމުގެ ގޮތަކުންނޫނެވެ. އަދި އެބައެއްގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ. އެމީހުންގެ ލޯތަކުގައި ރޭޝްމާ އަޅައިނުގަނެ ނުދާނޭތީވެ އެކަމާ ރޭޝްމާ ކަންބޮޑުވަނީއެވެ. އަމިއްލަ ހަޤީޤަތް ތަހުސީނަށް ކިޔާނުދީ ހުއްޓާ އެއިން މީހެއްގެ ފަރާތުން ތަހުސީނުގެ ކަންފަތާ ހަމައަށް ރޭޝްމާގެ ވާހަކަ ހިނގައިދާނޭތީ ވިސްނެނީއެވެ. އެހެންވިޔަސް ތަހުސީނަކީ މިނިވަން ޚިޔާލެއްގެ މީހެކެވެ.
އެނދުމައްޗަށް ވެއްޓިގަތް ގޮތަށް ޒޫރިން ފޯނުން މެސެޖުކޮށްލިއެވެ. އީތަންގެ ފަރާތުން ޖަވާބު ވެސް އެހާ އަވަހަށް އަންނަމުން ދިޔައެވެ. ޒޫރިންގެ ދެތުންފަތް ކައިރިނުވެއެވެ. ދޭތެރެއަކުން އަމިއްލައަށް ހީނގަނެއެވެ. އެ މޫނުމަތީގެ އުޖާލާކަމާއި އުފާވެރިކަން އެނބުރި އަތުވެއްޖެއެވެ. ދެ ލޮލުގެ ވިދުން އިތުރުވެއްޖެއެވެ. އިރުއޮއްސި ނަމާދަށް ގޮވުމާ ހަމައަށް ޒޫރިން އާއި އީތަން ވާހަކަދެއްކިއެވެ. ފޯނު ބޭއްވީ އެއަށްފަހުއެވެ. ޒޫރިންގެ ލޮލަށް އަރާމެއް ލިބިގެން ދިޔައީ ވެސް ދެނެވެ.
ނިދީގެ ފުންކަމުގެ ތެރެއަށް ގެއްލިފައި އޮއްވާ ޒޫރިންއަށް ހޭލެވުނީ އޭނާގެ ކޮނޑުގައި މީހަކު އަތްލުމުންނެވެ. ސިހިފައި ލޯ ހުޅުވާލިއިރަށް ރޭޝްމާގެ އަޑު އިވުނެވެ.
“މީ މަންމައޭ… އަށެއްޖަހަން އެއުޅެނީ. މަންމަ ބޭރަށްދާން މިދަނީ. އެހެންވެ ރީންއަށް ގޮވާލީ. އެންމެ ރަނގަޅު މަންމަ ދިޔައީމާ ނިދާލިޔަސް. މަންމަ މިދަނީ ތަޅުދަނޑި ހިފައިގެން އޭރުން ދަރިފުޅަށް އުނދަގޫނުކޮށް ދޮރޯށި ހުޅުވޭނެއެއްނު. މީހަކު އައިސް ބެލްޖެހިޔަސް ނުހުޅުވައްޗޭ. ނާޒިލުބެ އަތުވެއްޖެއްޔާ ވައްދާފަ ކާން ދޭތި. އިރުކޮޅަކުން ހީވަނީ އަންނާނެހެން. ބުނި މަގުމަތީގައޭ މިއުޅެނީ” މައްޗަށް ކުޑަކޮށް ހިއްލިފައިވާ ޒޫރިންގެ ޓީޝާޓުކޮޅު ރަނގަޅުކުރަމުން ރޭޝްމާ ވާހަކަދެއްކިއެވެ. ޒޫރިން ކިތަންމެ ބޮޑުވެފައި ހުއްޓަސް އެކަނި ގޭގައި ބަހައްޓާފައި ދާން ރޭޝްމާ ބިރުގަނެއެވެ. އެގެއަކީ ހުރިހާ ކަހަލަ މީހުން އައިސް އުޅޭ ގެއަކަށް ވާތީއާ އަނެއްކޮޅުން ރޭޝްމާ މިހާރު ގިނަ ބަޔަކަށް ނޫނެކޭ ބުނަމުން އަންނާތީ ހީނުކުރާ ކަހަލަ ކަމެއް ދިމާވެދާނެއޭ އޭނާއަށް ހީވަނީއެވެ. ޒޫރިންއަށް އެއްވެސް ގެއްލުމެއްވާކަށް ރޭޝްމާ ނޭދެއެވެ. މިހާ ދުވަހު ޒޫރިން އެގޭގައި އުޅޭކަން ސިއްރުކުރުމުގެ ބޭނުމަކީ ވެސް އެ ދަރިފުޅު އެ ފަދަ ލޯތަކުން ރައްކާތެރިކުރުމެވެ.
ބޯޖަހާލަ ޖަހާލާ އިން ޒޫރިން އަދިވެސް އިނީ ނިދީގައި ކަމަށް ހީކޮށް ރޭޝްމާ އޭނާގެ މޫނުގައި ދެއަތުން ހިފާ ތަޅުވާލިއެވެ. އެއާއެކު ޒޫރިން ދެ ލޯ ބޮޑުކޮށްލިއެވެ.
“އަޅުގަނޑު ހޭލައޭ މި އިނީ”
“ރަނގަޅު… އެހެންވީރު މަންމަ މިދަނީ. އަދޭ ތިރީ ސޯފާގައި އޮންނަން. އޭރުން ނާޒިލުބެ އައިސް ބެލްޖެހީމާ އަޑުއިވޭނީ”
ރޭޝްމާގެ ފަހަތުން ޒޫރިން ކޮޓަރިން ނުކުތެވެ. އަދި ސިޓިން ރޫމަށް އައިސް ދިގުކޮށް ހުރި ސޯފާގައި އޮށޯވެ ކުށަންއެއް ނަގާ ބޯދަށަށް ލައްވާލިއެވެ. ދެން ކުޑަމޭޒުމަތީ އޮތް ރިމޯޓު ނަގާ ޓީވީ ހުޅުވާލިއެވެ.
“ރީން. މަންމަ ދިޔައްޔޭ” ފަޔަށް ފައިވަން ހެޔޮވަރުކޮށްލުމާއެކު ސިޓިންރޫމު ދޮރުން ނުކުންނަމުން ރޭޝްމާ ބުނެލިއެވެ. އެއާއެކު ދޮރަށް ފުރަގަސްދީގެން ސޯފާގައި އޮތް ޒޫރިން ބޮޑުވައި އިނގިލި މައްޗަށް ނަގައިލަމުން އަތުން އިޝާރާތްކޮށްލިއެވެ.
ޓީވީގެ ޗެނަލްތައް ބަދަލުކުރަމުން ގޮސް ކާޓޫނުނެޓްވޯކްއަށް ލައިގެން އެ ބަލަން އޮތެވެ. އެހެން އޮވެފައި ގަޑިން ވީއިރު ޓީވީއިން ބަލާލާފައި ފޯނު ހޯދާލިއެވެ. ޒޫރިންއަށް ފޯނު ނުގެނެވޭކަން އެނގުނީ ދެނެވެ. ފުންމައިގެން ތެދުވިގޮތަށް ދުވެފައި ސިޑިން އެރިއެވެ. ބާރު ވައިރޯޅިއެއްހެން އެ އައިގޮތަށް އައިސް ކޮޓަރިން ފޯނު ހިފައިގެން އެނބުރި ސިޓިންރޫމަށް ޒޫރިން އައެވެ. ރަނގަޅަށް ހަމަޖެހި ނުލެވިގެން އުޅެނިކޮށް މީހަކު ދޮރޯށީގެ ބެލްޖަހާއަޑު އިވުނެވެ. އެއާއެކު ފޯނު އަތަށް ލައިގެން ހުރެ ޒޫރިން އައިސް ދޮރޯށީގައި ހަރުކޮށްފައިވާ ކުޑަބިއްލޫރިކޮޅުގައި ލޯޖަހާ ބަލާލިއެވެ. އަދި އަވަސްއަވަހަށް ދޮރުހުޅުވާލިއެވެ.
“މަންމަ އެދިޔައީ ނާޒިލުބެއަށް ކާންދެއްޗޯ ކިޔާފައި” ނާޒިލު އެތެރެއަށް ވަނުމުން ދޮރޯށި ލައްޕާލަމުން ޒޫރިން ބުނެލިއެވެ.
“އެހެންތަ. ރީން ކައިފިންތަ؟ ނިދަނީ ދޯ…” ޒޫރިންގެ މޫނަށް ބަލާލާފައި ނާޒިލު ބުނެލިއެވެ.
“ނިދާފަ ހޭލައިގެން މިއުޅެނީ… މަންމަ ދިޔަތަނެއް ނާޒިލުބެއަށް އެނގޭތަ؟ ވަރަށް ރީތިވެގެން ދިޔައީ”
“އެދިޔައީ ތަހުސީނުއާ އެއްކޮށް ޑޭޓަކަށް. މަގޭ ފްރޫޓީއަށް ބައްޕައެއް ލިބެން އުޅެނީހެން ހާދަ ހީވެޔޭ” ލާނެތްގޮތަކަށް ހިނިއައިސްފައި އިނދެ ނާޒިލު ދިމާކޮށްލިއެވެ.
“އިޓްސް ނައިސް ޓު ހޭވްއަށް ފާދާ… ނޫންތަ ނާޒިލްބޭ. އެކަމަކު އެއްވެސް މީހަކަށް ބައްޕަ ކިޔާކަށް ނުކެރޭނެ… ރީން މިހާރު ކިހާ ބޮޑުވެފައި މިހިރީ. އަޅުގަނޑު ކުޑައިރު ހީކުރީ ނާޒިލުބެއަކީ ރީންގެ ބައްޕަ ކަމަށް. އެކަމަކު ފަހުން މަންމަ ބުނީމަ އެނގުނު ނާޒިލްބެ ހަމައެކަނި މަންމައާ މެރީކުރީކަން” ދެފައިވަށްކޮށްލައިގެން ސޯފާގައި އިން ޒޫރިން ވާހަކަދެއްކިއެވެ. އޭނާގެ ހަޔާތުގައި އުނިވެފައިވާ ބައްޕައެއްގެ ލޯބި ލިބުން އެދިއެދި އިން ކަހަލަ ގޮތަކަށެވެ.
“ކޯއްޗެއްތަ ކާން ހަދައިގެން ތިއުޅެނީ” ރީންގެ މޫނުމަތިން ފެނިގެންދިޔަ އަސަރުތަކުން ނާޒިލު ވާހަކަ ބަދަލުކޮށްލިއެވެ.
“ނޭނގެ. ހީވަނީ މީރު އެއްޗެއް މަންމަ ހެދީހެން. އެހެންވެ ކަންނޭނގެ ނާޒިލުބެއަށް ކާންދޭން އެވަރުން އެބުނީ. ހިނގާ ކާންދާން” ޒޫރިން ވެސް ޝައުގުވެރިކަމާއެކު ތެދުވެގެން ބަދިގެ ފަރާތަށް ހިނގައިގަތެވެ.
“ވާއު! މަންމަ އެ ދިޔައީ ޕާސްތާ ހަދާދީފައި” ތެލީގެ މަތި ހިއްލާލުމާއެކު ލިބުނު އުފަލެއްގެ ބޮޑުކަމުން ޒޫރިންއަށް ހަޅޭލަވައިގަނެވުނެވެ.
“އަވަހަށް ގެނޭ…. ތިހެން ބުނީމާ ވެސް މިހާރު ހާންތިވާވަރުވެއްޖެ” އަބަދުވެސް ސަމާސާގޮތެއް ޒޫރިންގެ ގާތުގައި ގެންގުޅޭ ނާޒިލު ބުނެލިއެވެ.
ޒޫރިން އާއި ނާޒިލު ސަކަރާތްޖަހަމުން ކެއުން ކުރިއަށް ގެންދިޔައެވެ. ކައި ނިންމާފައި ތަށިތައް ނެގުމުގައި ޒޫރިންއަށް ނާޒިލު އެހީވިއެވެ. އަދި ދެމީހުން ސިޓިންރޫމަށް ނުކުމެ އިނގިރޭސި ޗެނަލަކުން ދައްކަމުން ދިޔަ ހެއްވާ މަޖާ ފިލްމެއް ބަލަންތިއްބެވެ. އެހެން ތިބިއިރު ދޭތެރެއަކުން ހަތަރުފާރު ގުގުމާލާފަދަ ހުނުންގަނޑު ޖަހާލައެވެ. ވަގުތު ދިޔައީ ކިހިނެއްކަމެއް ދެމީހުންނަށް ވެސް ނޭނގުނެވެ. ގަޑި ބަލާލަން އެނގުނީ ސިޓިންރޫމު ދޮރުމަތީ ހުރެފައި ރޭޝްމާ ގޮވާލި އަޑުއިވިފައެވެ.
“މަގުމައްޗަށް ވެސް އެބައިވޭ މިގޭތެރެއިން ހޭއަޑު” ރޭޝްމާ ބުނެލިއެވެ.
“ސީރިއަސްކޮށްތަ މަންމާ” ޒޫރިން އަވަހަށް އަހާލިއެވެ.
“ރޭޝް އާދެބަލަ މި ފިލުމުން ތަންކޮޅެއް ބަލާލަން. ހީނހީނ ބަލިވާނެ” ނާޒިލު އިނދެފައި ބުނެލިއެވެ. އޭރު އޭނާގެ މޫނު ވެސް ހީނހީނ ގޮސް ރަތްވެއްޖެއެވެ.
“ސޯ… މަންމާ… ނާޒިލްބެ ބުނި މަންމަ ދިޔައީ ޑޭޓަކަށޯ…” ފާޑަކަށް ހިނިއައިސްފައި އިނދެ ޒޫރިން ނިތްއަރުވަމުން އަހާލިއެވެ. އެއާއެކު ރޭޝްމާ ދެ ލޯ ބޮޑުކޮށްލިއެވެ. އަދި ނާޒިލަށް ލޯ އަޅާލިއެވެ.
“މަ ދެނަހުރިކަމެއްނޫން” ދެ ބުމަ ހިއްލާލާފައި ދެފަރާތަށް ބޯހަލުވާލަމުން ހެވިފައި އިނދެ ނާޒިލު ބުނެލިއެވެ.
“މިހާރު ގަޑިންވީއިރު އެނގޭތަ؟ ކައިގެންތަ ދެމީހުން ތި ތިބީ” މައުލޫ ބަދަލުކޮށްލުމަށް ރޭޝްމާ އަވަސްވެގަތެވެ.
“ވަރަށް ވަރަށް މީރު… ވަރަށް ގިނައިން ކައިގެން މިތިބީ. ދޯ ނާޒިލްބޭ” ޒޫރިން ބުނެލިއެވެ.
ރޭޝްމާ އައިގޮތަށް ބަދިގެއަށް ވަނުމުން އޭނާގެ ފަހަތުން ނާޒިލު އާއި ޒޫރިން ވެސް އައެވެ. ތިންމީހުންމެ ވާހަކައިގައި ޖެހިފައި ތިބެފައި ރޭޝްމާ އަތުކުރީ އޮތް ގަޑިއަށް ބަލާލާފައި ޒޫރިން ކޮޓަރިއަށް ފޮނުވާލިއެވެ.
ކޮޓަރީގެ ދޮރު “ބަން” ކިޔާފައި ޖެހި އަޑާއެކު ތަނބުތަކަށް ވެސް ލޮޅުން އަރައިގެން ދިޔަ ކަހަލައެވެ. ސިޓިންރޫމުގައި އިނދެފައި ކާމިލު އައިސް ކޮޓަރިއަށް ވަނެވެ. އޭރު އިނާޔާ ފެންޖަގު ހިފައިގެން އައިސް ކޮޓަރިއަށް ވަންނަނީއެވެ. އެމީހުންގެ ކޮޓަރިއާ ހަމައަށް ވެސް ޖަޒްލާގެ އަޑުއިވެމުން ދިޔައެވެ.
“އިނާޔާ ދާންވެއްޖެއެއްނު ދެން އެކަން ހުއްޓުވަން. ދެމީހުން ގަޔަށްލޮލަށްބޮލަށް ނާރާކަމެއް އެނގެނީއެއްނޫން” ކާމިލުގެ ވާހަކަ ހުރި ގޮތުން އޭނާ އެ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިކަން އިނާޔާއަށް އެނގުނެވެ. އެހެންނޫނީ އިނާޔާއާ ވާހަކަދައްކާއިރު އަޑުގައި ހަރުކަށިކަމެއް ނުބަހައްޓާނެއެވެ.
“އަހަންނަށް މާފުކުރޭ ކާމިލް. އަހަރެންގެ ދަރިއަކު އެހެން އުޅޭތީ ހާދަ ހިތަށް ތަދުވެޔޭ. ގައިމުވެސް އަހަރެންގެ ހުންނަ ގޮތެއްނޫން ޖަޒްލާގެ އެ ހުންނަނީ. އަހަރެން ގޮސް ވާހަކައެއް ބުނެވޭނީ ވެސް އެކޮޓަރިއަށް އަހަރެން ވައްދައިގެންނު… އެކަން ހުއްޓުވުނަސް ހުއްޓުވޭނީ ކާމިލަށް. ކިހާވަރަކަށް ޖަޒްލާ ގާތު ކިޔިއްޖެ ތިއީ އަންހެންކުދިން އުޅެންވާނޭ ގޮތެއްނޫނޭ. އެހެންނުވާނީ… ޝައިޠާނާ ވެސް އަބަދުހުންނާނީ ވިއްދާފައެއްނު. ނަމާދެއް އެއްޗަކަށް އާދޭސްކުރިޔަސް ނާރާނެ. ނަމާދުކުރަން ނޭނގެނީއެއްނޫން… ކާމިލު ވެސް އޭނާ ޅަކޮށްގެން ބޭނުންހާކަމެއް ކޮށްދޭތީ ވާގޮތްމީ” އެނދުގެ އަރިމަތީ ކަބަޑުގައި ފެންޖަގު ބަހައްޓަމުން އިނާޔާ ވާހަކަދެއްކީ އިސްޖަހާލައިގެން ހުރެއެވެ.
“އެހެންވެސް ކަންތައްކުރެވެނީ ޖަޒްލާއަށް ވިސްނިގެން ރަނގަޅުވޭތޯ. ބައެއްފަހަރު ވަރަށް ބަސްއަހާނެ. ވަރަށް ހަރުދަނާވާނެ. އެކަމަކު އެހެންހުރެފަ ނޭނގެ އެކުއްޖާއަށް އެވަނީ ކިހިނެއްކަމެއް. މަށަށްފެންނަނީ ސައިކާރިސްޓެއްގެ އެހީއެއް ހޯދަން… މީ ކީވެގެން ދިމާވާކަމެއްތޯ ބަލާލަން ރަނގަޅުކަންނޭނގެ”
“ތިކަން ވެސް ކުރެވޭނީ ކާމިލަށް. އަހަރެން ބުނެފިއްޔާ ނޭނގެ ބުނާނީ ކީކޭކަމެއް ވެސް. އަޅެ ދޭބަލަ އެ ދެމީހުން މައިތިރިކުރެވޭތޯ”
“އަންނާނަން ގޮސްފައި. ޒުވާބުކުރާއަޑުއިވުމަކީ އަހަރެން ވެސް އަޑުއަހަން ބޭނުންވާ އަޑެއްނޫން. އަދި އަމުދުން ނައޫފަށް އެކަހަލަ އަޑުތައް އިވޭކަށް ބޭނުމެއްނޫން. އަހަރުމެން ދެމީހުން ދުވަހަކު ވެސް ޒުވާބުކުރާތަނެއް އެއްވެސް ކުއްޖަކަށް ފެނިފައެއްނުވާނެ. އަހަރެން ބޭނުންވަނީ އެންމެން ވެސް ގުޅިގެން އުފާވެރި ޢާއިލާއެއްގެ ގޮތުގައި ދިރިއުޅުން” ކާމިލު މިހެން ބުނެފައި ތެދުވެ ފާރުގައި ލެނގިލައިގެން ހުރި އިނާޔާގެ ކޮނޑުގައި އެއްއަތުން ފިރުމާލާފައި ކޮޓަރިން ނުކުތެވެ. އޭނާގެ މިސްރާބަކަށްވީ ޖަޒްލާގެ ކޮޓަރިއެވެ.
“ކާކު…” ޖަޒްލާގެ ކޮޓަރީގައި ކާމިލު ޓަކިދިނުމާއެކު ނިކަން ބާރަށް ޖަޒްލާ ހަޅައިލަވައިގަތެވެ. އެއާއެކު އެންމެ ސުކުންތަކަށް ވެސް މަޑުކޮށްނުލާ ކޮޓަރީގެ ދޮރުހުޅުވާލާފައި ކާމިލު އެ ކޮޓަރިއަށް ވަނެވެ.
ކޮޓަރީގައި ހުރި އެނދުގެ ފައިލާކޮޅާ ދިމާގައި އީތަން ހުރިއިރު އޭނާގެ މެޔާދިމާލުން ޓީޝާޓުގަނޑުގައި ދެއަތުން ހިފައިގަނެގެން ޖަޒްލާ ހުއްޓެވެ. އޭރު އޭނާއަށް ހުރީ ރޮވިފައިކަން ކާމިލަށް އެނގުނެވެ. ކާމިލު ފެނިފައި ދެމީހުން ވެސް މައިތިރިވެ ދުރަށް ޖެހުނެވެ.
“ތިވެގެން އުޅޭގޮތެއް ބައްޕައަކަށް ނޭނގޭ. އެކަމަކު ބުނަން. ދެން އިތުރަށް ޒުވާބުކުރާ އަޑުއިވިގެން ނުވާނެ. ބައްޕައަށް ފެންނަނީ އީތަން ދެން ގެއަށް ދާން. ދެމީހުން އިތުރަށް ބައްދަލުކުރާނީ ތިވެގެން އުޅޭގޮތެއް ހައްލުކުރެވުނީމަ. މިޒަމާނަކީ ދެމީހުން ދިމާނުވިޔަކަށް ވާހަކަދެއްކޭނޭ ޒަމާން. އެހެންވީމާ ދުރުގައި ތިބެގެން ތިޖެހިގެން އުޅެ މައްސަލަ ހައްލުކުރުން މާރަނގަޅުވާނެ. އެހެންވީމަ މިހާރު މިވަގުތު އީތަން ނުކުމެގެން އިހަށް ދިއުން ބައްޕައަށް ރަނގަޅީ” ކާމިލު ދެ ޒުވާނުންނަށް އެއްވަރަކަށް ބަލަމުން ވާހަކަދެއްކިއެވެ.
ބަހެއް ވެސް ނުބުނެ އީތަން ނުކުންނަމުން ޖަޒްލާއަށް ބަލާލީ ނުރުހުމުގެ ލޮލަކުންނެވެ. އަދި އިސްޖަހާލި ގޮތަށް އަވަސް ފިޔަވަޅުގައި އެގެއިން އޭނާ ނުކުމެއްޖެއެވެ. އެހެންނަމަވެސް ކާމިލު ހުރީ ޖަޒްލާގެ ކޮޓަރީގައެވެ.
ޖަޒްލާގެ އަތުގައި ހިފައިގެން ކާމިލު އައިސް އެނދުގައި އޭނާ ބޭންދިއެވެ. އަދި ބޮލުގައި ފިރުމާލުމާއެކު ޖަޒްލާގެ އަތްތިލާގައި ހިފާލާފައި ފުންނޭވާއެއް ލިއެވެ. އެއާއެކު އޭނާ ވާހަކަދައްކަން ފެށިއެވެ.
“ދަރިފުޅުގެ މައްސަލައަކީ ކޮބާތަ؟ އީތަންއަކީ ވިޔާނުދާކުއްޖެއްނޫންކަން ބައްޕައަށް ވަރަށް ރަނގަޅަށް ބުނަން އެނގޭ. އޭނާ ދަރިފުޅާ ވަކިވާން ބޭނުންވާނަމަ މިއަދަކު ނޫން އެހެންއުޅޭނީ. ދަރިފުޅު ވެސް ރުޅިމަޑުކުއްޖަކަވާން މަސައްކަތްކޮށްބަލަ. ތިހެން އުޅޭތީވެ ދަރިފުޅުގެ މަންމަ ކަރުނައަޅާކަން ނޭނގޭތަ. އެހެންތާ ވާނީ… އަންހެން ދަރިން ނަމޫނާއަކަށް ބަލަން އެންމެ ރަނގަޅީ އެ ކުދިން މިދުނިޔެއަށް އުފަންކުރި މައިމީހާ. ދަރިފުޅު ދުވަހަކު ވެސް ދުށިންތަ މަންމަ ބާރަށް ވާހަކަދައްކާއަޑު. ބާރަށް ހޭއަޑު… މީހަކާ ދިމާއަށް ނުރުހުމުގައި އެއްޗެހި ގޮވަނިކޮށް… ނުފެންނާނެ… ބައްޕައަށް ދަރިފުޅުގެ މަންމަ އެހާ ކަމުދަނީ އެހެންވެ. އެކަކު އިތުބާރުނުކުރިޔަސް މި ބައްޕަ ޖޭޒްއަށް ވަރަށް އިތުބާރުކުރަން. ދަރިފުޅަކީ ހަރުދަނާ ރަނގަޅު ކުއްޖަކަށް ވާން ވަރަށް ބޮޑަށް ބޭނުން. ތީ ބައްޕަގެ ހުރި ހަމައެކަނި އަންހެންދަރި…” ކާމިލުގެ އޯގާތެރި ބަސްތަކުން ޖަޒްލާއަށް ބާރަށް ރޮވިއްޖެއެވެ. ކާމިލުގެ ކޮނޑުގައި ޖަޒްލާ ބޯއަޅާލުމާއެކު އޭނާގެ ކޮނޑުގައި ހިފައި ކާމިލު ގާތްކޮށްލީ ބަފައިވަންތަކަމުގެ ރައްކާތެރިކަމާއި ލޯބި އެ ދަރިފުޅަށް ދިނުމަށްޓަކައެވެ.
ދޮރޯށިން ނުކުންގޮތަށް މުއްކަވާލި އަތުން ނިކަން ބާރަށް ދޮރުކަނީގައި ޖަހާފައި އީތަން ހިނގައިގަތެވެ. އާންމުކޮށް ހިނގާ ވަރަށްވުރެ މާބާރަށް ހިނގާފައި އައިސް އޭނާ ގެއަށް ވަނެވެ. ސިޓިންރޫމުގައި އެގަޑީގައި މީހުން ތިބޭނޭކަން އެނގޭއިރު ވެސް މަޑުކޮށްލުމެއްނެތި ވައިސޫރިއެއްހެން އައިސް ކޮޓަރިއަށް ވަދެ ދޮރުޖަހާ ތަޅުލައިފިއެވެ.
“ޔަޤީން އެއައީ އެ ޖޭޒުއަކާ ދެމީހުން ޒުވާބުގަނޑެއް ކޮށްލާފައި” ސޯފާގައި އިނދެފައި އައިނީ ބުނެލިއެވެ.
“ސާބަސް އައިނީ. އެކުއްޖާ އައިނީއަށް ކީއްތަކުރީ ތިހާ ހިތްހަމަނުޖެހިގެން ތިއުޅެނީ” ރާބިއާ އިނދެފައި ބުނެލިއެވެ. އެއާއެކު ހަމްރާ ވެސް އައިނީއަށް ބަލާލައިފިއެވެ. ތިންމައިން އެކުގައި ތިބިއިރު އެތަނުގައި ސުފިޔާނެއް ނަސީބަކުން ނެތެވެ.
“ޖަލާލު އެބައުޅޭ. އޭނާއަށް އަޑުއިވިއްޖެއްޔާ ކީކޭ ބުނާނީ” ހަމްރާ ބުނެލިއެވެ.
“ޖަލާލުގެ ހުންނަގޮތެއްނޫން އެކުއްޖާގަނޑުގެ ހުންނަނީ. ފޮނިވެފަ ބޮޑާވެފައި ހުންނައިރު ތިމާވަރުގެ މީހެއްނެތޭ އޭނާއަށް ހީވާކަހަލަ. މާމަ އާއި މަންމައަށް ނުވިސްނޭތީ އަޅުގަނޑު ހައިރާންވެއްޖައީން. އީތަންކޮއްކޮއާ އެ އަންހެންކުއްޖާ ނުވެސް ގުޅޭ. އެކަން އެބަ އެނގެއެއްނު. ގެއަށް ވަދެގެން އެ ދިޔަ މީހާގެ މޫނު ދުށީމެއްނު. އެއީ އެ އަންހެނާގެ ޖާދޫއޭ”
“ދެން ހެޔޮ. ތިވާހަކަ ހުއްޓާލާ. އީތަންއަށް އެނގޭނީ އޭނާ ގުޅޭނޭ މީހަކު” ރާބިއާ ވަގުތުން ދެކެވެމުންދިޔަ ވާހަކަ ހޫނު ނުވަނީސް ހުއްޓުވާލިއެވެ.
— ނުނިމޭ —